ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ތިންވަނަފަހަރު ދޫނިދޫޖަލަށްލައި ކުޑަގޮޅިއެއްގައި ބަންދުކުރީ، މާލޭ ސަލްޓަންޕާކްގައި ގޮއްވާލެވުނު ގެވެހި އުފެއްދުމެއް ކަމުގައިވާ، “ކަޓޫރަބޮން” ސަލްޓަންޕާކްގައި ގޮއްވާލިކަންތަކާ ގުޅުވައިގެން ސިފައިންކުރި ތުހުމަތުތަކެއްގެ މައްސަލައިގައެވެ. މިއީ ދިވެހިރާއްޖޭގައި މިފަދަ ގޮތަކަށް ގޮވާއެއްޗެއްހަދާއި ގޮއްވާލި ފުރަތަމަ ފަހަރެވެ. މިކަންތައް ހިނގާދިޔައިރު، އަޅުގަނޑުހުރީ، ދޫނިދޫޖަލުގައި ކުޑަގޮޅީގެ ބަންދެއްގައެވެ. އެހެނަސް ރައީސް މައުމޫނުގެ އޯޑަރަށް މިކަމުގައި އަޅުގަނޑު ތާށިކޮށް ޖަލުގެ ބޮޑުހުކުމެއް އިއްވުމަކީ، ސިފައިންގެ އެންމެބޮޑު ރޭވުމެވެ.
އަދި ރައީސް މައުމޫނު ސަރުކާރުގެ އެންމެބޮޑު ބޭނުމަކަށް އޭރުވެފައިއޮތީ މިކަމެވެ. ރައީސް މައުމޫނު މިކަންމިގޮތަށް ރާއްވަވައިގެން ހިންގެވީ، ޑޮކްޓަރ މުހަންމަދު ވަހީދުހަސަން މަނިކަށް އަޅުގަނޑުގެ ތާއީދުދީ، ސަޕޯޓްކޮށް ސިޔާސީ ލީޑަރަކަށް ގަބޫލުކޮށްގެން ރާއްޖޭގެ ސިޔާސީކަން ކަމުގައި އަޅުގަނޑު އިސްކޮށް އުޅޭތީއެވެ. އަދި ޑޮކްޓަރ ވަހީދަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މުޅިންއާ އިސްލާހު ތަކެއް ގެނައުމަށް ސަރުކާރުތެރޭގައި އިސްކޮށް ހުރެގެން މަސައްކަތްކުރާ ލީޑަރަކަށް ވާތީއެވެ.
ރައްޔިތުންގެ ބޮޑުމަޖިލިސް ކަމުގައިވާ ޚާއްސަމަޖިލީހުގެ ތެރޭގައި 1980 ވަނަ އަހަރު ފެށުނު އިސްލާހީހަރަކާތް ލީޑުކޮށްދެއްވީ ޑޮކްޓަރ ވަހީދެވެ. އަދި ބޮޑުކާމިޔާބަކާއެކު ރައްޔިތުންގެ މަޖިލީހުން މާލޭގެ އިސްގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ރައްޔިތުންނަށް ފައިދާހުރި މުހިންމު ބިލްތަކެއް ހުށަހަޅުއްވައި ރައްޔިތުންގެ އިސްލާހަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވެލެއްވީ، ޑޮކްޓަރ ވަހީދެވެ. މިކަންކަމާހުރެ ޑޮކްޓަރ ވަހީދުވަނީ ރައީސް މައުމޫނު ސަރުކާރުގެ އަމާޒުފަތް ގަނޑަކަށް ވެފައެވެ. ފާރަލާއި މޮނިޓަރކޮށް ބަލަހައްޓަމުންދާ ސިޔާސީ ލީޑަރަކަށް ވެފައެވެ.
އާދެ! އެދުވަސްވަރު މާލެތެރޭގައި ކިތަންމެކުޑަ ސިޔާސީކަމެއް ހިނގިއަސް އެންމެފުރަތަމަ ބަންދުކުރަނީ އަޅުގަނޑެވެ. ޖަވާހިރުވާދީ އިލްޔާސެވެ. 1989 އިން ފެށިގެން މިކަން ހިނގާފައިވަނީ މިގޮތަށެވެ. 19، 20 ސެޕްޓެންބަރ 2003 ގަޔާއި 12، 13 އޯގަސްޓް 2004 ގައި، އެންމެފުރަތަމަ ގެންގޮސް ކުޑަގޮޅީގައި ބަންދުކުރި ސިޔާސީ މީހަކީވެސް ސީދާއަޅުގަނޑެވެ. އެހަރަކާތްތަކުގެ އަޑީގައިތިބި މީހުންގެތެރެއިން އިސްލީޑަރަކަށް ބަލާއި ތުހުމަތުކޮށް ފައިވަނީ އަޅުގަނޑުގެ މައްޗަށެވެ. އަޅުގަނޑަށް ފާރަލާސިއްރުން ނަގާފައިވާ ވީޑިޔޯތަކާއި ފޮޓޯތައް ސިފައިން އަތުގައި ހުއްޓެވެ. އަޅުގަނޑުގެ ފޯންލައިންތައް އަޑުއަހާފައި ހުއްޓެވެ.
03 ނޮވެންބަރ 1988 ވީބުރާސްފަތި ދުވަހު ރާއްޖެދުށް ނުރައްކާތެރި ހަމަލާގެ ތަހުގީގަށް ފަހުގައި ސިފައިންހިންގި އެންމެވަރުގަދަ ވަޙްޝީ ތަހުގީގަކީ ސަލްޓަންޕާކްގައި ހިންގުނު ކަޓޫރަބޮމުގެ ކަންތައް ގަނޑެވެ. މިކަމުގެ ތުހުމަތުގައި މީހުންބަންދުކުރީ ގޮތެއްފޮތެއް ބަލައިގެނެއް ނޫނެވެ. ހިތަށްއެރިހާ މީހެއް ގެނެސް ބަންދުކުރީއެވެ. މީގެތެރެއިން ގިނަބަޔަކު ބުއްދިގޯސްވެ މޮޔަވިއެވެ.
ގާތްގަނޑަކަށް، 250 ވަރަކަށް މީހުން ދޫނިދޫއަށް ގެނެސް ޓިނުންހަދާފައިހުރި ކުދިކުދި ގޮޅިތަކަކަށްލައި ޖަނަވާރު ތަކެއްހެން ބަންދުކޮށް، ވަރަށް އިހާނެތިކޮށް، އެކިގޮތްގޮތަށް ބިރުދައްކައިގެން ބަޔާންތައް ނަގާއި ތަހުގީގުޓީމަށް ފެނުނުހާ ގޮތަކަށް މިތަހުގީގު ގެންދިޔައީ ރާވާއި ބައްޓަން ކުރަމުންނެވެ. ރައީސް މައުމޫނު ބޭނުންފުޅު ވެލައްވާގޮތަށް ސިޔާސީކުލަ ޖައްސަމުންނެވެ. ބޭރުދުނިޔެއަށާއި ބައިނަން އަގްވާމީ މުޖްތަމަޢަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ޖަލުތަކުގެ ވަޙްޝީ އަނދިރި އަނިޔާތައްހާމަވެ، ފެތުރި އާންމުވެގެން ދިޔައީ، 1990 ގައި ދޫނިދޫޖަލުގައި ބަންދުކުރި މިބަންދުކުރުމާ ގުޅިގެންނެވެ.
ޔުނައިޓެޑް ކިންގްޑޮމް. ލަންޑަންގެ، 1. އީސްޓަން ސްޓްރީޓްގައި މަރުކަޒު ކުރެވިފައިވާ، ” އެމްނެސްޓީ އިންޓަރނޭޝަނަލް ސެކްރެޓަރިއޭޓުން، ރިޕަބްލިކް އޮފް މޯލްޑިވްސް ޕްރިސަނަރސް އޮފް ކޮންސިއެންސް އެންޑް އަންފެއަރ ޓްރެއިލް ކޮންސަރންސް، 1990- 1993. “ (AI Index: ASA 29/01/93. Distr: SC/GR/CO. June 1993.) ގެ މިރިޕޯޓް ބެއްލެވުމުން މިކަން ވަރަށް ރަނގަޅަށް ސާބިތުވާނެއެވެ. މިއީރާއްޖެއާ ގުޅިގެން އެމްނެސްޓީން އިންޓަރނޭޝަނަލް އިން ނެރުނު އެންމެ ފުރަތަމަ ރިޕޯޓެވެ. އެރިޕޯޓް ހޯއްދަވައިގެން ކިޔާލައްވާށެވެ. ރާއްޖޭގައި ގައިދީންނަށް ކުރާއަނިޔާތައް އެނގިވަޑައި ގަންނަވާނެއެވެ.
ފުރަތަމަ ފަހަރަށް ޓެރަރިޒަމް ގާނޫނެއް އުފެއްދުން:
ފަހެ، މިކަމާގުޅިގެން ބަންދުކޮށް، ތަހުގީގުކުރުމަށް ފަހު، ބެދެނީ ކޮންބައެއްކަން ޔަގީންވެ ކަށަވަރުވުމުން ސިޔާސީ މިކަންތައް ގަނޑަކީ، ޓެރަރިޒަމްގެ އަމަލެއްކަމަށް ބަދަލުކޮށްލާއި ކުދިގޮޅިތަކުގައި ބަންދުކުރި ސިޔާސީ މީހުންނަށް ހުކުމްނުކޮށް ބައިތިއްބައިގެން ރައީސް މައުމޫނުގެ އޯޑަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ރޭގަނޑާއެކު ބާއްވައިގެން އިއްޒަތްތެރި މެންބަރުން އެއްކޮށްގެން، އަވަސް އަވަހަށް ޓެރަރިޒަމާބެހޭ ގާނޫނެއް ފާސްކޮށްލީ، ސީދާ ރައީސް މައުމޫނުގެ އޯޑަރަށެވެ. ގާނޫނީ ޢިލްމުންނާއި ހައްގުން ނެއްޓިފައިވާ، މިގާނޫނަށް ވޯޓްނުދެއްވައި މަޖިލީހުގައި އިންނެވި ބަޠަލަކީ، ރ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަލީވަހީދު އަބްދުއްރައްޒާގް އެކަންޏެވެ.
އަދި އެގާނޫނުގައި މިގާނޫނު ވުޖޫދަށް އައުމުގެ ކުރިން މިފަދަ އަމަލުތައް ހިންގާފައިވާ މީހުންނަށް ވެސް މިގާނޫނުގެ ދަށުންހުކުމް ކުރެވޭނެކަމަށް ޚާއްސަ މާއްދާއެއް ހިމެނީ، ގަސްދުގައި ވަކިބަޔަކަށް އަނިޔާކޮށް އެމީހުން ނިކަމެތިކޮށްލާއި ހޭއަރުވާލުމުގެ ބޭނުމުގައެވެ. އިސްލާމީ ޝަރީޢަތާއި ގާނޫނީ ޢިލްމުގައި މިއީ ޝާޛުކަމެކެވެ. އަދި އެ ޢިލްމައި ދިމާ އިދިކޮޅު ކަމެކެވެ. އެއްވެސް އިލާހީ ޝަރީޢަތެއްގައި އެޝަރީޢަތެއް ބާއްވާލެއްވުމުގެ ކުރިން ހިނގާފައިވާ ކަންކަމަށް އެޝަރީޢަތެއްގެ ދަށުން ހުކުމް ތަންފީޒުކުރުން ކަނޑައެޅިފައެއް ނޯވެއެވެ.
ރައީސް މައުމޫނުގެ އަނިޔާވެރިކަން ފާޅުގައި ފެންނަނީ މިފަދަ ގޯސްކަންތައް ތަކުންނެވެ. އަދި ރައީސް މައުމޫނުގެ ބަސްފުޅު ހިތުންރުހުމުން އަހާނެމީހަކު ދިވެހިރާއްޖޭގެ ބަންޑާރަނައިބަކަށް އެދުވަސްވަރު ބަހައްޓަވަން ވެގެން، އަލްއުސްތާޒް ޒާހިރުހުސައިނާ ރާއްޖޭގެ ބަންޑާރަނައިބުގެ އޮފީސް ހަވާލުކުރެއްވީ ވެސް މިބޭނުމުގައި ރޭވުންތަކެއްގެ ދަށުންނެވެ.
އަދި މާލެތެރެއަށް ސިފައިންގެ ބެލުމުގެދަށުން ޚާއްސަފޯހެއް، “ބިންބިފޯސް” ނަމުގައި ނެރުނީވެސް މިކަމަށް މަގުފަހުކުރުމުގެ ނުލަފާ ބޭނުމުގައެވެ. އާދެ! މިބުރުގައި އަޅުގަނޑު ޖަލަށް ގެނެވުނުއިރު، އަޅުގަނޑުހުރީ އޮފީހަށް ނުނިކުމެވޭގޮތަށް، ރައީސް އޮފީހުން އަންގައިގެން ގޭގައި ބަހައްޓާފައެވެ. ސަރުކާރުން ކަނޑާލާއި ވަޒީފާއިން ވަކިކުރެއްވިކަން އޮތީ ނާންގައެވެ.
އާދެ! 22 ޑިސެންބަރ 1990 ވީހޮނިހިރު ދުވަހުގެރޭ ސިފައިންގެއަށް ގެންދިޔައިރު އަޅުގަނޑުހުރީ، މަންތިރި މައްސަލަ މުޅިން ނުނިމިވާތީ ގޭބަންދުގައެވެ. އެރޭ ގެންދިޔަގޮތަށް އިރުގަނޑެއްގައި ސިފައިންގޭގައި ބޭންދުމަށްފަހު، އެކެއްޖަހާ އެހާކަންހާއިރު ކުޑަވަރެއްގެ ވޭލަރަކަށް ލައިގެން ގެންދިޔައީ ސީދާ ދޫނިދޫޖަލަށެވެ. ބޭލިގޮތަށް ގެންގޮސް މިފަހަރުވެއްދީ، 6 ނަންބަރު ގޮޅިއަށެވެ. އެއްވެސްކަހަލަ ސުވާލެއް ކޮށްލުމެއް ނެތިއެވެ. މިއީ ފުރަތަމަބަރީގެ އެންމެފަހު ގޮޅިއެވެ.
މިގޮޅިތައް ހުންނަނީ، ދޫނިދޫގެ ހުޅަގުން އިރަށެވެ. ކުރިމައްޗަކީ އުތުރެވެ. 6 ނަންބަރު ގޮޅިއަށްލާ ބަންދުކުރިއިރު އޮތީ، 23 ޑިސެންބަރ 1990 ވީއާދީއްތަ ދުވަހަށް ފެށިފައެވެ. ޖަލުގައި ކުރިންހުރި އިރުގެ އެއްވެސް އިނާޔަތެއް ނެތެވެ. އެނދެއް ގޮދަޑިއެއް ބާލީހެއް އެކައްޗެއް ވެސް ނެތެވެ. ގޮޅީގެ އަށިމަތީގައި އޮވެގެން ވަރަށްގިނަ އިހްސާސްތައް ކުރެވުނެވެ. ހެދުނުސައި ގެންނަންދެން އޮތީހޭލައެވެ. އެކިއެކި ސިޔާސީފިކުރު ތަކުގައެވެ. ސަރުކާރު ލިބުމުން ކަންކަން ރާވާނެ ގޮތްތަކުގެ ވިސްނުމުގައެވެ.
ޖަލުތެރޭގައި ކަންތައްތައް ހުރިގޮތުން މިފެށުނީ ބޮޑުސިޔާސީ ކަންތައް ގަނޑެއްކަން ގަބޫލުކުރެވުނެވެ. ދެން އަނބުރާ ގެއަށްދެވޭނެ ދުވަހެއް ހަދާންނައްތާލައި މިކަންތައްގަނޑާ ކުރިމަތިލުމަށް އަޒުމްކަނޑައަޅައި، ﷲއަށް ވަކީލުކޮށް ލައިގެން ފަތިސްނަމާދަށް ފަހު، ﷲއަށް ދެންނެވެން ހުރިހުރިހާ ދުޢާއެއް ދެންނެވުމާއެކު ދިމާވާކަންކަމާ ކުރިމަތިލުމަށް ތައްޔާރުވެ، ރެޑީވެގެންހުރީއެވެ.
މިވަގުތު ދޫނިދޫ ޖަލުގައި، އަޅުގަނޑުގެ ހުރިހާ ފިރިހެން ކޮއްކޮއިންނާއި އަންނިއާއި ބޮޑުސައްޕެއާއި ނޯބެއާއި ހެރިންސް ހަންނާނާއި ވިންޓަރ ޝަރީފާއި ވަރަށްގިނަ ސިޔާސީ މީހުން ބަންދުކޮށްފައި ތިއްބެވެ. އަޅުގަނޑުމެން އެންމެންނަކީ، ޑޮކްޓަރ ވަހީދުއާއި ގާސިމް އިބްރާހީމާއި ގޯގޯމެން ފެއްޓެވި އިސްލާހީ ހަރަކާތް ދިރުވުމުގައި ދަރިވަރުންގެ ގޮތުގައި ބިރެއްނެތި ފާޅުގައި ދެމިތިބި ޒުވާނުންނެވެ. އަޅުގަނޑުމެންގެ އަޒުމަކީ، ސިޔާސީގޮތުން ދިވެހިރާއްޖެ އިސްލާހުކޮށް ބޮޑުޑިމޮކްރަސީއެއް ރާއްޖެއަށް ގެނައުމެވެ.
އަދި ވީހާއަވަހަކަށް އިންސާފުވެރި މިނިވަން ރިޔާސީ އިންތިޚާބެއް ރާއްޖޭގައި ބޭއްވުމެވެ. އަޅުގަނޑު މެންގެ ތެރޭގައި ލީޑަރަކަށް އޮޓަމެޓިކުން ހޮވިފައި ހުންނަނީ، ކޮންމެކަމަކަށް ވެސް އިސްނަގައި ކުތިމަތި ލައްވަންކެރޭ ފަސްޖެހުމެއްނުވާ ކުޅަދާނަ އަންނިއެވެ. އަންނިއަށް އެންމެ ގަދަޔަށް ހިތްވަރުދީ ކަންކަން އާލާކޮށްދޭ މީހަކަށް އެންމެކާރީގައި އަބަދުވެސް ހުންނަނީ އަޅުގަނޑެވެ. އެހެންވެ ސިޔާސީގޮތުން ރާވާކޮންމެ ކަމެއްގެ އަޑީގައި އަޅުގަނޑުގެ ރޯލުތައް ވަރަށް އިސްކޮށް ކުޅެންޖެހެއެވެ.
24 ޑިސެންބަރ 1990 ވީހޯމަ ދުވަހު ގޮޅިން ނެރެގެން ގެންދިޔައީ ޖަލުސަރަހުއްދުން ބޭރުގައިވަކިން ބަހައްޓާފައިހުރި މޭޒެއްގެ ދޮށަށެވެ. އެމޭޒުގައި އިންނެވީ، އަލްފާޟިލް މުހަންމަދު އިބްރާހީމެވެ. ފުރަތަމަ ކުރެއްވި ސުވާލަކީ، އިލްޔާސްގެ ގެކަމުގައިވާ ޖަވާހިރުވާދީ ތެރެއިން އިލްޔާސް ނިދާކޮޓަރިން ސިފައިންނަށް ފެނިފައިހުރި ތަކެތީގެ ލިސްޓެއް މިތާގައި، ތިމަންނާ އަތުގައި މިއޮއްތީއެވެ. މިލިސްޓްގައި އިލްޔާސްގެ ސޮއިވެސް އެބައޮތެވެ. އަޅުގަނޑުލައްވާ މިލިސްޓެއް ހެދުމަށްފަހު، ސޮއިކުރުވީ މަންތިރި މައްސަލާގައި ޖަލުގައި ބަންދުވެފައި ހުރިއިރުއެވެ.
މުހަންމަދު އިބްރާހީމް ބުނުއްވަނީ، މިލިސްޓްގައިހުރި ބައެއްތަކެއްޗާ، އިލްޔާސް ކޮއްކޮ އަހްމަދު ރަޝީދުމެން ހަދައިގެން މާލެތެރޭގައި ގޮއްވިބޮމުގެ ހާދިސާއާ ވަރަށްގުޅުން އެބަހުއްޓެވެ. އެބޮން ހެދިއިރު ބަޑިބޭހަށް ބޭނުންކޮށްފައިހުރީ، އިލްޔާސްގެ ކޮޓަރިފާސްކުރުމުގައި ފެނިފައިވާ މޮހޮރުބަޑީގެ ވަޒަނާއި އެވައްތަރުގެ ވަޒަނުން ނަގައިފައިހުރި ބަޑިބޭހެވެ. އެހެންވުމުން އެބޮންތަކާއި މިވަޒަންތަކާ ވަރަށްގުޅުން އެބަހުއްޓެވެ.
މިބީދައިން ދުރާލާ ރާވާލައިގެން، މާލެތެރޭގައި ހަރަކާތްތެރިވި ބިންބިފޯހާ ދެކޮޅަށް ކޮއްކޮ ހަންދުމެން ކުރިކަންތަކާ، އަޅުގަނޑައި ގުޅުވަން ވަރަށްގިނަ މަސައްކަތް މީނާކުރިއެވެ. މިވާހަކަތަކަށްފަހު، ދެންކުރި ސުވާލަކީ، 03 ނޮވެންބަރ 1988 ގެ ޝަރީޢަތްތައް ހިނގިއިރު، ކަރޯއައްބާސް ޝަރީޢަތުގައި ދެއްކެވިވާހަކަތައް އަކުރުންއަކުރަށް އިލްޔާސް ލިޔެފައި މިހުރީކީއްވެގެން ތޯއެވެ؟ އިލްޔާސް މިކަންކުރީ ކޮންބޭނުމެއްގައި ތޯއެވެ؟ އިލްޔާސް މިކަންކުރިގޮތް ބެނެދޭށެވެ! މިސުވާލުގެ ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ.
ތިޔަލިސްޓް އަޅުގަނޑު ކުރިމަތީގައި އިންނަވައިގެން ސިފައިންގެ އޮފިސަރެއް ކަމުގައިވާ ނައިބުގޭ މުހަންމަދު ހަލީމް ލިޔުއްވައި އަޅުގަނޑު ލައްވާ ސޮއިކުރުވި ދުވަހުވެސްވާނީ އެވާހަކަތަކާއި އެކަން ހިނގާދިޔަގޮތް ކިޔައިދީފައެވެ. ފަހެ، ދަންނާށެވެ! މިކަންކުރިގޮތަކީ، އަޅުގަނޑަކީ ޚާއްސަހުއްދައެއް ލިބިގެން، 3 ނޮވެންބަރު، 1988 ގެ ހުރިހާޝަރީޢަތެއް އަޑުއެހުމަށް ގަވާއިދުން ހައިކޯޓަށްވަތް މީހަކަށްވާތީ ވަރަށްގިނަ ނޯޓްހަދައި އަދި ހައިކޯޓުން ލީކްވިރޯލްތަކުންނާއި ބޭރުގައި ބެހެއްޓި ތާޅަފިލިން މީހުން ރެކޯޑްކުރި ރޯލްތައް ހެޑްފޯނެއް އަޅައިގެންއިނދެ އަޑުއަހަމުން އަކުރުން އަކުރަށް އަޅުގަނޑު ލިޔުނީއެވެ.
މިކަންކުރީ އެކަމަށް ޝައުގުވެރިވާލެއް ބޮޑުކަމުން ދިވެހިތާރީޚަށް ޓަކައި އެސޮފުހާތައް ފޮރުވުމުގެ ބޭނުމުގައެވެ. މިގޮތަށް މިހުރިހާ ޝަރީޢަތް ތަކެއްގައި ދެކެވުނު ވާހަކަތައް ކަރުދާސްކުރީ އޭގެބޭނުމުގައެވެ. އަދިވެސް ދެންނެވީމެވެ. މޮހޮރުބަޑީގެ ވަޒަނުން ބަޔަކުބޮމެއް ހެދިޔަސް އަޅުގަނޑުގެ އަލަމާރިން ސިފައިންވަދެ ނެންގެވި މޮހޮރުބަޑީގެ ތިންވަޒަނާ ކޮއްކޮހަންދުމެން ހެދި ގެވެށިބޮމާ އެއްވެސް ގުޅުމެއް ނުވާނެއެވެ.
އަޅުގަނޑުގެ ކޮއްކޮމެން ތިޔަބުނާބޮމެއް ހެދިކަން، ނުވަތަ އަދި ނުހަދާކަން ވެސް އަޅުގަނޑުގެ އިލްމުގައި އަދިއެއް ނެތެވެ. އަޅުގަނޑު ޖަލުގެކުޑަ ގޮޅީގައި ގެންގުޅޭތާ އެތައްދުވަހެއް ވެއްޖެއެވެ. ކޮއްކޮމެން ރުޅިއައިސްގެން އެއުޅެނީވެސް އެއްވެސް ކަމަކާނުލާ އަޅުގަނޑު ދޫނިދޫ ޖަލަށް ގެނައުމުންނެވެ. ޝަރީއަތްނުކޮށް ބަހައްޓާތީއެވެ. އަދި މާލެތެރޭގައި ސަރުކާރުގެ އެހީތެރިކަމާއި މަދަދާއި ހިތްވަރުދީގެން ނެރެގެންއުޅޭ ބިންބިފޯހުގެ ދުއްތުރާތަކައި ހެދިއެވެ.
ޣައިރުގާނޫނީ ކަމެއްކުރިއްޔާ ކޮށްގެން އުޅެނީ، ރާއްޖޭގެ މުޅިޑިފެންސާ ހަވާލުވެގެން ހުންނެވި، އިލްޔާސްއާއި އެފްޕީއައިޑީއާ ހަވާލުވެގެން ހުންނެވި، ސަޓޯއެވެ. އަޅުގަނޑެއް ނޫނެވެ. އަޅުގަނޑަކީ އެމީހުންކުރި ޚިޔާނާތްތައް ރައްޔިތުންނަށް ބޭޒާރުކުރަން މަސައްކަތްކުރި މީހާއެވެ. އެހެނަސް ޖަލަށް ގެނެސް ކުޑަގޮޅިއަށްލައި ބަންދުކުރީ އެވާހަކަތައް އަޑުއެހި މީހުންނާއި އަޅުގަނޑެވެ. އެޚިޔާނަތް ދިވެހި ރައްޔިތުންނަށް ބޭޒާރުކުރަން އުޅުނު މީހުންނާއި އަޅުގަނޑެވެ.
ދިވެހި ގައުމަށް ޚިޔާނާތްތެރިވެ އެވާހަކަ އަސްލުގައި ދެއްކި މީހާއެއް ނޫނެވެ. މަންތިރީގެ މައްސަލާގައި ބަންދުގައި ހުރެފައި މިފަހަރު ގެނައުމާދޭތެރޭގައި ގޭގެބަންދުގައި ހުރިއިރު މަންމަމެންގެ ފަރާތުން އެނގުނު މައުލޫމާތެއް ފިޔަވާ ތިޔަކަމުގައި އަޅުގަނޑުގެ ސިކުނޑިއަކު ތިޔަބުނާ ކަމަކާގުޅޭ އެއްވެސް ޚަބަރެއްނެތެވެ. މައުލޫމާތެއް ނެތެވެ. މިފަދަ ސުވާލުތަކަށްފަހު، އަޅުގަނޑުދެއްކި ވާހަކަތަކާއި އެނާއަށް ފެނިލެއްވި ވާހަކަތަކެއް ހިމަނައިގެން ރަފްބަޔާނެއްލިޔެ، އަޅުގަނޑުލައްވާ ސޮއިނުކުރުވާ އެބަޔާން ހިއްޕަވައިގެން އޭނާދިޔައީއެވެ.
ދެން ސުލޭމާނު ސަރުދާރު، އަޅުގަނޑުގެނެސް ކުރިންވެސް ހުރިގޮޅިއަށް ވައްދައި ތަޅުލައިފިއެވެ. މިބަޔާން މުހަންމަދު އިބްރާހީމް ލިޔުއްވީ އަޅުގަނޑު އޭނާގެ ކުރިމަތީގައި ބައިންދައި ގެންނެވެ. އެނާލިޔުނު ބައެއްވާހަކަތައް އަޅުގަނޑަށް ފެންނާތީ ކިޔާލެވުނެވެ. އަޅުގަނޑަށް ހީވަނީ، ރަފުކޮށް މިހަދާލިބަޔާނަކީ، ތަހުގީގުކޮމެޓިއަށް ބޭނުންވާ މައުލޫމާތު ދިނުމަށާއި އެބޭފުޅުންނާ މީނާމަޝްވަރާކޮށް މިކަމުގައި އަޅުގަނޑު ތާށިކޮށްލުމުގެ ބޭނުމަށް ހަދާލި ރިޕޯޓެއް ހެނެވެ.
މީނާމިކުރެއްވި ސުވާލުތަކުންނާއި އެބަޔާން ލިޔުއްވިގޮތުން ކޮއްކޮމެންގެ ކަޓޫރަބޮމުގެ ހާދިސާގައި އަޅުގަނޑު ތާށިކުރާނެކަން ޔަގީން ވެއްޖެއެވެ. މީނާގެ ވާހަކަތަކުގައި ހަންދުއާއި ޝަފީގު (ބޮޑުސައްޕެ) މިހާރުވެސް މިކަމުގައި ތާށިވެއްޖެކަމަށް ވިދާޅުވިއެވެ. އަދި ކަނޑުބޯޓު ފަހަރުގައި ބޭނުންކުރާ ކަހަލަ “މެރީން ސިގްނަލް ފްލެއަރ” އެއް ރައީސް ހުންނަވާ ރިޔާސީ ގަނޑުވަރަށް ފޮނުވާލަން ރާވާފައިވާ ކަމަށް ބޮޑުސައްޕެ އެއްބަސް ވެއްޖެކަމަށް މީނާ ވިދާޅުވިއެވެ.
އަދި ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އާއި އިލްޔާސަށް، ހަންދުހަދައިގެން އުޅޭ ބޮންތައް ބޭނުންކުރާނެ ތަންތަން އެނގޭނެ ކަމަށް ބާރުލާފައި މީނާ، އަޅުގަނޑާ ދިމާއަށް ބުނެދީ އަޑުގަދަކުރިއެވެ. އިލްޔާސް ކޮއްކޮމެން މިޒާތުގެ، ފަސްވަރަކަށް ބޮން ހަދާފައިވާކަމަށް މީނާބުންޏެވެ. އޭގެ ތެރެއިން ދެބޮން ގޮއްވާލާފައި ވެއެވެ. އެއްބޮން ސަލްޓަންޕާކުގައެވެ. އަނެއްބޮން ހެންވޭރުކޮޅަށް އެހެލާފައިއޮތް އެމްޓީސީސީގެ ކޮއިމަލާލާންޗު ތެރޭ ގައެވެ.
ތަހުގީގުގެ މިބުރަށްފަހު އަޅުގަނޑުގެ ވިސްނުން ވަރަށްގިނަ ގޮތްގޮތަށް އެބުރެން ފަށައިފިއެވެ. ބައެއްފަހަރު ހިތައްއަރައި ގަބޫލު ކުރެވެއެވެ. ތަހްގީގުޓީމުން މިއުޅެނީ އަޅުގަނޑާއި އަންނި ގަދަކަމުން މިބޮމުގެ ހަމަލާގެ ގެތެރެއަށް ވައްދާށެވެ. ޓެރަރިޒަމް އަމަލެއްގައި ބައްާލާށެވެ. އަނެއްބައިފަހަރު ހިތަށް އަރަނީ، އަޅުގަނޑުމެން ދެމީހުން މީގެތެރެއަށް ރަނގަޅަށް ވަދެގެންނޫނީ ހަނދުމެން ހުރިހާކޮއްކޮ މެންނަށް އެއްވެސް ލުޔެއް ނާންނާނެ ކަމަށެވެ.
އަދި ސިޔާސީ ގޮތުން މިހިނދަށް މޮޅުވެފައި އެންމެ ފައިދާކުރާނީ، މިކަމުގެ ތެރެއަށް އަޅުގަނޑުމެން ސިޔާސީމީހުންގެ ތެރެއިން ބަޔަކު ވަނުމުން ކަމުގައި ކަމަށް ވެސް ވިސްނުނެވެ. މުޅިދުވަހާއި އެރޭއެކުގައި ދިޔައީ މިވިސްނުން ގަނޑުތެރޭގައެވެ. އެރޭ އެއްގޮތަކަށް ވެސް ނިންޖެއް ނައެވެ. އެރޭ އެކުގައި ދިޔައީ ނިދުމެއް ނެތިއެވެ. ވިސްނުމާއި ފިކުރުގައެވެ.
ޖަވާހިރުވާދީއަށް ރޭގަނޑެއްގެ ދަންވަރު، ސިފައިންގެ ބޮޑުޖަމާޢަތެއް ވަދެ މުޅިގެ އެކުގައި ރޭޑުކުރި ވާހަކަ:
17 ނޮވެންބަރ 1990 ވީހޮނިހިރު ދުވަހުގެރޭ މާފަންނު ޖަވާހިރުވާދީއަށް ސިފައިންގެ، 32 ބޭކަލުންގެ ބިޔަފައުޖެއް، އަލްފާޟިލް އިބްރާހީމްދީދީ، ތުއްބީގެ ލީޑަރޝިޕާއި ކޮމާންޑުގެ ދަށުން، ވަދެ ކުރިރޭޑުކުރުމުގައި އަޅުގަނޑު ނިދާ ކޮޓަރިފާސް ކުރުމުގައި ނަގައިގެން ގެނެސްފައިވާ ތަކެތިކަމުގައި ލިސްޓްކޮށް ސޮއިކުރުވި ތަކެއްޗަކީ، ހަދާންނުގައި ހުރި ގޮތުގައި މިދަންނަވާ ތަކެއްޗެވެ.
މިރޭޑްގައި މުޅި ޖަވާހިރުވާދީ ފާސްކޮށް ހުރިހާތަނެއް ފާސްކޮށް ބެއްޔެވެ. މިއީ އަޅުގަނޑު ހާޒިރުވެނެތީސް އަޅުގަނޑުގެ ކޮޓަރިންނާއި އަޅުގަނޑުގެ އަލަމާރިތަކުން އަޅުގަނޑުގެ ހުއްދައެއްނެތި ސިފައިން އެއްވެސް ކަހަލަ ލިޔުމެއް، ރަސީދެއް އަޅުގަނޑަށް ދިނުމެއްނެތި އަދި އަޅުގަނޑުގެ ޣައިރުހާޒިރުގައި އެއްވެސް އެނގުމަކާނުލައި ވަގަށް ނަގާފައިވާ އަޅުގަނޑުގެ މިލްކިއްޔާތުގައި ހުރި އަޅުގަނޑުގެ އަމިއްލަ ތަކެއްޗެވެ. އެތަކެއްޗަކީ މިއެވެ.
1- މަންތިރި މަޖައްލާގެ އަސްލުކޮޕީއަކާއި މަންތިރި މަޖައްލާގެ ހުސްލެޓަރހެޑް ތަކެއް.
2- މަންތިރި މަޖައްލާގައި އަޅުގަނޑުލިޔެ ޝާއިޢުކޮށްފައިވާ މިދަންނަވާ މަޒްމޫގެ އަސްލުކޮޕީ. “03 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާ މިއޮތްގޮތަށް ތާރީޚްގެ ތެރެއަށްވަދެ ނިމޭނީތޯއެވެ؟”
3- ދުވަހުނޫސް ހަވީރަށް ލިޔެފައިވާ މިދަންނަވާ މަޒްމޫނުގެ އަސްލުކޮޕީ. “ހަގީގީތޮށިގަނޑު ނޫންއެހެން ތޮށިގަނޑަކަށް ވަދެތިބެ ނޫސްވެރިކަމުގެ މަސްރަހު ނާމާންކުރަމުން ދަނީއެވެ.”
4- އަޅުގަނޑުލިޔާ މަޒްމޫނުތައް ޖަހައިނުދީގެން ހަވީރުގެ އިދާރާއަށް ލިޔެފައިވާ ސިޓީއެއްގެ ކޮޕީއެއް.
5- މޮހޮރުބަޑީގެ ތިންވަޒަން.
6- އޭކޭ 47 ކްލަޝިންގކޯފް ބަޑިއަށް ލޯޑުކުރާ ވަޒަނުގެ ބޭނުންކޮށްފައިވާ ހުސްދެދޯރި.
7- ސްޓިލްފޮޓޯނަގާ ވައްތަރުގެ ފިލްމުލާފައި ހުންނަކަހަލަ ޕްލާސްޓިކް ދަޅުގެ ދެދަޅު ދިރޭރަހަ.
8- 03 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާގައި ހައްޔަރުކުރެވުނު ކަރޯއައްބާސް އާއި ބައެއް ދިވެހިންގެ ޝަރީޢަތް ހިނގާދިޔަގޮތާއި ޝަރީޢަތުގައި ދެކެވުނު ވާހަކަތައް އަކުރުން އަކުރަށް އަތުން ލިޔެފައިހުރި ބައިވަރު ކަރުދާސްތައް.
ސިފައިން މިތަކެތީގެ އަސްލު ލިސްޓު ހަދާއި އަޅުގަނޑު ލައްވާ ސޮއިކުރުވީ، އެމީހުން އަތުގައި އޮތް މިތަކެތިީގެ ލިސްޓެއް ބަލައިގެން، އަޅުގަނޑު އެމީހުންގެ ކުރިމަތީގައި ބައިންދައި ގެންނެވެ. ކޮންމެ އެއްޗަކައި ވަކިވަކިން ސުވާލުކޮށް ހެދުމަށް ފަހުގައެވެ. ގެއިން މިތަކެތި ނަގާފައިވަނީ އަޅުގަނޑަށް ވަގަށެވެ. އަޅުގަނޑަށް އެއްވެސް ކަހަލަ އެނގުމަކާ ނުލައެވެ. އަޅުގަނޑު ޖަލުގެ ބަންދުގައި ބަހައްޓައި ގެންނެވެ.
26 ޑިސެންބަރ 1990 ވީބުރާސްފަތި ދުވަހަކީ، ސުވާލުކުރުމަށް ގޮޅިންނެރުނު ދުވަހެކެވެ. މިދުވަހު މެންދުރެއްހާއިރު ގޮޅިންނެރެގެން ގެންދިޔައިރު، ދޫނިދޫގައި ތަހްގީގުކުރުމަށް ހަދާފައިހުންނަ އިމާރާތުގައި ތަހުގީގުކުރުމަށް ވަރަށްބޮޑު މަޖިލީހެއް ތައްޔާރަށް ތިއްބެވިއެވެ. މިމަޖްލީހުގައި ތިއްބެވީ، އަލްފާޟިލް އަބްދުއްޝަކުރު އަބްދުﷲ (ކެޕްޓަން) އަލްފާޟިލް ތޯހާވަހީދު (ވޮރަންޓް އޮފިސަރ ގްރޭޑް 1) އަލްފާޟިލް ވ.ޅަހުއްތު (ސާޖެންޓް) އާއި އަލްފާޟިލް މުހަންމަދު އިބްރާހީމް، ގދ.ރަތަފަންދޫ (އެއްފަށް އަރާފައި އޭރު) ދެން އިންނެވީ ބަޔާންތައް ލިޔުވާހަދާ ކާތިބެއްގެ ގޮތުގައި ގެންގުޅޭ ޝަފީގުއޭ ކިޔާ ޕްރައިވެޓު ބޭފުޅެކެވެ.
މިޓީމުގައި އިސްކޮށް އިންނެވީ، އަބްދުއްޝަކޫރު އަބްދުﷲ އެވެ. ދެން މަސައްކަތުގައި ނަގާކިޔަން އުޅުއްވީ، މުހަންމަދު އިބްރާހީމާއި މޯރާތައުފީގެވެ. ފުރަތަމަ ސުވާލުކުރަން ފެއްޓެވީ، ޝަކޫރެވެ. ފުރަތަމަ ސުވާލަކީ މިއެވެ! މާފަންނު ޖަވާހިރުވާދީއަށް ވަންނަމީހުން، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދި މިނޫން މީހުންވެސް ދައްކަވާ ވާހަކަތައް އަޑުއިވޭހިސާބުގައި ފެންޑާމަތީގައި ހުންނަބޮޑު ސަރަންފީއެއްގައި އިލްޔާސް އަބަދުވެސް އޮންނަވާކަމަށް ތިމަންނާ މެންނަށްވަނީ ޚަބަރު ލިބިފައެވެ. ސިފައިން ސިވާލު ކުރާ މިބޮޑުސަރަންފީއަކީ ބައްޕަނިޔާވުމަށް ފަހު އަބަދުވެސް އަޅުގަނޑު އިށީނުމަށް ބޭނުންކުރާ ސަރަންފިއެވެ.
އެސަރަންފީ ކައިރީގައި ހުންނަ އުނދޯލީގައި އިންނަވަނީ، ޑޮކްޓަރ މުހަންމަދު ވަހީދުހަސަން މަނިކު މާލޭގެ އިއްޒަތްތެރި މެންބަރެވެ. އެތާނގައި ދެކެވެނީ ކޮންވާހަކަ ތަކެއް ތޯއެވެ؟ އެތަނަށް ވަދެއުޅެނީ ރައްޔިތުންގެ މަޖިލީހުގެ ކޮންކޮން މެންބަރުންނެއް ތޯއެވެ؟ އަލްފާޟިލް ގާސިމް އިބްރާހީމާއި އަލްފާޟިލް މުހަންމަދު ލަތީފް (ގޯގޯ) އާއި އަލްފާޟިލް ވަށަފަރު އާދަންބެއާ މިފަދަ ބައެއް އިއްޒަތްތެރި މެންބަރުން ޑޮކްޓަރ ވަހީދު އަރިހަށް، ޖަވާހިރުވާދީއަށް ވަންނަވާ ނޫންތޯއެވެ؟ އެތާގައި ތިބެ އެންމެން ސައްލާކުރޭ ނޫންތޯއެވެ؟
އެވާހަކަތަކުހައި ރައްޔިތުންގެ މަޖިލީހަށް ކޮންކަމަކާގުޅޭ ކޮންވައްތަރެއްގެ ބިލެއް ހުށަހެޅުމަށްތޯ ސައްލާތައް ދެކެވެނީ ބެނެދޭށެވެ! ސާފުކޮށް ކިޔައިދޭށެވެ. ރަނގަޅަށް އިލްޔާސަށް އެނގޭނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރުނެތް ކަމުގެބިލެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމާ މެދު ކޮންކަހަލަ މަޝްވަރާތަކެއްތޯ ކުރެވުނީ އިލްޔާސަށް އެނގޭނެއެވެ! ބުނެދޭށެވެ! ބިރުގަންނަވަމުން ތަކުރާރުކޮށް މިފަދަ ސުވާލުތަކެއް ކުރެއްވިއެވެ.
މީހަކަށްފަހު މީހެއް މިބާވަތުގެ ސުވާލުތައް އަޅުގަނޑާ ކުރަން ފަށައިފިއެވެ! އަޅުގަނޑު ދަންނަވަމުން ގެންދިޔައީ މަޖިލީހަށް ބިލެއް ވެއްދުމާމެދު އެއްވެސް ބަޔަކު ވާހަކަތަކެއް ދެއްކި އަޑެއްނާހަމެވެ. ގޭތެރޭގައި ވަރަށްގިނަ ވާހަކަތައް ދެކެވެއެވެ. ޑޮކްޓަރ ވަހީދު އަރިހަށް ވަރަށްގިނަ މީހުން ވަޑައިގަންނަވާ ހައްދަވައެވެ. ތިޔަވިދާލުވި ބޭފުޅުންގެ އިތުރަށް ދޮންފަނު މުހަންމަދު ޔޫސުފް އާއި ކަޅުހުރާގޭ މުހަންމަދު ލަތީފާއި ކޮލިހަސަން މަނިކުވެސް ބައެއްރޭރޭ ވަޑައިގަން ނަވައެވެ.
އަދި ވެސް މިފަންތީގެ ވަރަށްގިނަ އިއްޒަތްތެރީން ވަޑައިގަންނަވައެވެ. އެހުރިހާބޭފުޅުން ދައްކަވާ ވާހަކަތައް އަޅުގަނޑަކަށް ނޭގެއެވެ. ތިޔަވިދާޅުވަނީ، އަޅުގަނޑު އޮންނަ ސަރަންފީއެއްގެ ވާހަކައެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕަނިޔާ ވުމަށް ފަހު، އެސަރަންފީ ބޭނުންކުރަނީ އަޅުގަނޑެވެ. އެހެންމީހަކު އެސަރަންފީގައި ނީށީންނާނެއެވެ. ތެދުފުޅެކެވެ. އުނދޯއްޔާ އެންމެކާރީގައި ޖަވާހިރުވާދީގެ ދެކުނުފަރާތުގެ ފެންޑާގައި ހުންނާނީ އެސަރަންފީއެވެ. ދެން އިތުރުކުޑަތިން ސަރަންފީއެވެ. ތިޔަބޭފުޅުންގެ ޖާސޫސީ މައުލޫމާތުތައް ވަރަށް ބަރާބަރެވެ.
ދެންދައްކާލީ ޖަވާހިރުވާދީގެ އެފެންޑާގެ ކުރެހުމެކެވެ. ގޮނޑިތަކާއެކު ކުރަހާފައިއޮތް ކަރުދާސް ގަނޑެކެވެ. އެބޭފުޅުން ވަޑައިގެން ތިއްބެވީ، ޖަވާހިރުވާދީގެ ޗާޓެއް ކުރައްސަވައިގެން ގެނެހެވެ. މިވާހަކަތަކަށް ފަހު، ދެންސުވާލު ކުރަންފެއްޓެވީ، ސަލްޓަންޕާކުގައި ގޮއްވާލިބޮމާއި ކޮއިމަލާ ލާންޗްގައި ގޮއްވާލި ހޯމްމޭޑު ގެވެށި ބޮމުގެ ވާހަކަތަކާ ގުޅޭސުވާލުތަކެވެ.
އިލްޔާސްގެ ކޮއްކޮ އަހްމަދު ރަޝީދު ހަންދު ސަލްޓަން ޕާކުގައި ގޮއްވާލި ބޮމުގެވާހަތައް އޭނާވަނީ އިލްޔާސްގެ ކައިރީގައި ބުނެފައިކަމާ، އޭނާއެކަން ކުރިގޮތްތައް އިލްޔާސަށް އެނގޭކަން މިތަނަށްވަނީ، ސާފުކޮށް އެނގިފައިކަމަށް، ވ.ޅަހުއްތު ހަރުއަޑުން އަޅުގަނޑާ ދިމާއަށް ވިދާޅުވެއްޖެއެވެ. އެންމެންހެން އެކުގައި މިކަންތައް ސާފުކޮށް ކިޔައިދިނުމަށް އަޅުގަނޑު ގާތުން ތަކުރާރުކޮށް އެދެން ފަށައިފިއެވެ. އެކި ގޮތްގޮތަށް ބިރުދެއްކުމަސް ފަހު، ވަރަށްސާފުކޮށް ހަގީގަތާއެއްގޮތަށް ތެދުވެރިކަންމަތީގައި މިވާހަކަތައް ކިޔައިދޭން އަޅުގަނޑަށް އަންގައިފިއެވެ.
އެހެންނޫނީ ޖެހޭނީ ބޮޑެތި އަދަބުތަކާ ކުރިމަތިލާން ކަމަށްވެސް އިންޒާރުދީ އަންގައިފިއެވެ. އެކިއެކިކަހަލަ އިންޒާރުދީ ބިރުދައްކަންވެގެން ފާޑުފާޑުގެ ވާހަކަތައް އެކިބޭފުޅުން އަޅުގަނޑާ ދިމާއަށް އިޝާރަތްކޮށް ބުނެލާހަދައެވެ. އަޅުގަނޑަށް ވަގުތު ލިބުމުން، އަޅުގަނޑު ފަސްނުޖެހި ވަގުތުން ޖަވާބުދީފީމެވެ! ހަންދު ގޮއްވާލިއޭ ތިޔަވިދާޅުވާ ބޮމުގެ އެއްވެސް ޚަބަރެއް އަދި މައުލޫމާތެއް އެއްވެސް މިންވަރަކަށް އަޅުގަނޑަށް ލިބިފައެއް ނުވެއެވެ. އަޅުގަނޑު މިހުންނަނީ ޖަލުގައި ބަންދުވެފައެވެ.
އަދި ހަންދު އެވާހަކަ އަޅުގަނޑު ގާތުގައި އެއްވެސް އިރެއްގައި ބުނެފައެއްވެސް ނެތެވެ. ތިޔަވިދާޅުވަނީ ބޮޑުދޮގެކެވެ. އަޅުގަނޑުމެންގެ ގެ ޖަވާހިރުވާދީ އަކީ، ވަރަށްގިނަބޭފުޅުން ވަދެނުކުމެއުޅޭ ގެއެކެވެ. އިޖްތިމާޢީ އަދި ސިޔާސީ ބޮޑުވާދީއެއް ކަހަލަތަނެކެވެ. ބައްޕަގެ ހަޔާތުގައި އޯކިޑް ސްޕޯޓްސް ކްލަބް ހިންގީ ޖަވާހިރުވާދީ ގައެވެ. ޖަވާހިރުވާދީ އަކީ އެޒަމާނުގައި އައްޑޫބޮޑެތި ބޭފުޅުންގެ ވެސް މަރުކަޒެކެވެ. މިހާރުވެސް އެގެއަކީ، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންވެސް ގިނައިން ވަދެއުޅުއްވާ ގެއެކެވެ.
އަދި ރާއްޖޭގެ ގަދަރުވެރިންނާއި އަވަށުގެ ބޮޑުންނާއި ސިޔާސީބޭފުޅުން ވަންނަވާ ގެއެކެވެ. ގާސިމުވެސް ގޯގޯވެސް އަދި އެހެން އިއްޒަތްތެރި ބޭފުޅުންވެސް ވަދެއުޅުއްވާ ގެއެކެވެ. އެބޭފުޅުންވަދެ ހައްދަވަނީ ގަޑިކިޔައި ގެނެއް ނޫނެވެ. އެޕޮއިންޓުމެންޓު ހައްދަވައި ގެނެއްނޫނެވެ. އެހެންވެ މިކަން ހިނގަނީ، ރާވައިގެން މަޝްވަރާތަކެއް ކުރެވޭގޮތަކަށް ނޫނެވެ. އެއްބަޔަކު ވަންނާނެއެވެ. އަނެއްބަޔަކު ނުކުމެގެން ދާނެއެވެ.
އަލްފާޟިލް އާދަންޒާހިރާއި އަލްފާޟިލް އިސްމާޢީލް ޝަފީޢުމެން ފަދަބޭފުޅުން މަޖީދިއްޔާ ސްކޫލްގެ ޓީޗަރުންނަށް އުޅުއްވިއިރު އަބަދުވެސް އެބޭފުޅުން ޖަވާހިރުވާދީ ތެރެއިން ފެންނަހަނދާން އަޅުގަނޑު ހުރެއެވެ. މިކަން ހިނގަނީ މިކަހަލަ ގޮތަކަށެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕައަކީ ވަރަށް އިޖްތިމާޢީ ބޭފުޅަކަށްވާތީ އޭރު ޖަވާހިރުވާދީއަކީ ހުރިހާ ފަންތިއެއްގެ މީހުންވަދެ އުޅޭބޮޑުވާދީއެކެވެ. އެއެންމެން ދައްކާހާ ވާހަކަތަކެއް އަޅުގަނޑުގެ ސިކުނޑީގައި ހަރުލާފައެއް ނުހުރެއެވެ.
ޖަވާހިރުވާދީއަށް ވަންނަވާހުރިހާ ބޭފުޅުން ދައްކަވާ ހުރިހާ ވާހަކަތަކަކީ އަޅުގަނޑުގެ ސިކުނޑީގައި ބިންވަޅުނަގާފައި ހުންނާނެއެއްޗެއް ނޫނެވެ. އަޅުގަނޑުގެ ސިކުނޑިއަކީ، ކޮންޕިއުޓަރެއްގެ ހާޑުޑިސްކެއް ނޫނެވެ. ޗިޕެއްޖަހާފައި އިންނަ މަޞްނޫޢީ އެއްޗެއް ނޫނެވެ. އަދި އެހުރިހާ ވާހަތަކެއް ކަރުދާސްކޮށް ޖަމާކުރެވިފައެއް ނެތެވެ. ނޯޓްކޮށް ހެދިފައެއް ވެސްނެތެވެ. ބެހެއްޓޭނީ ނޯޓްކުރެވުނު ނަމަތާއެވެ! އަޅުގަނޑަށް ސާފުކޮށް އެނގޭހާވެސް އެއްޗަކީ، ވަކިގަޑިއަކަށް ވަކިބަޔަކުވަދެ ރޭވިގެން ޖަލްސާތަކެއް ނުހިނގާކަމެވެ. ވަކިކަމަކާ ގުޅިގެން ޚާއްސަ މަޝްވަރާތަކެއް ނުކުރެވޭކަމެވެ.
ރައީސް މައުމޫގެ މައްޗަށް އިތުބާރު ނެތްކަމުގެ ބިލެއްގެ ވާހަކައެއް ދުވަހަކުވެސް ނާހަމެވެ. މިގޮތަށް ޝަކޫރުމެންނަށް ތަކުރާރުކޮށް ދެންނެވުމުން، ޝަކޫރު ވިދާޅުވީ، އިލްޔާސްގެ މައްޗަށް އަދަބުބޮޑު ކުރެވިދާނެ ކަމަށެވެ. ވ.ޅަހުއްތާއި މޯރާތައުފީގު އަދި ހ.މުގުރިގޭ ތާހާވަހީދު އަޅުގަނޑަށް ތަފާތު ވައްތަރުގެ އިންޒާރު ދެއްވާއި ބިރުދެއްކިއެވެ. ޖަވާހިރުވާދީ މީހުންގެ އާއިލާއަށް ނިސްބަތްކޮށް ހުތުރުވާހަކަތައް ހަދަހަދައިގެން ދެއްކެވިއެވެ. އަޅުގަނޑުގެ ލޮބުވެތި ބައްޕައަށް އެމީހުން މަލާމާތް ކުރެއްވިއެވެ.
މިވާހަކަތަކަށް ފަހު، ޝަކޫރު ތެދުވެގެން އެތެރެއަށް ވަޑައިގެން ފިއެވެ. ދެން ތަހްގީގު މޭޒުދޮށުގައި ތިއްބެވި މީހުންގެ ތެރެއިން، އަޅުގަނޑާ ވާހަކަދައްކަން ފެއްޓެވީ މުހަންމަދު އިބްރާހީމެވެ. މިއީ މާހަރުކަށިކަން ދެއްކި ޗާލާކުވެގެން އުޅުނު ނުލަފާ މީހެކެވެ. ކުރިންވެސް އެހެން މީހުންކުރެއްވި ސުވާލުތަކާއި އިތުރު ސުވާލުތައް މީނާ، އަޅުގަނޑާ ކުރެއްވިއެވެ.
އިސްލާމީ މަރުކަޒުގައި ހުންނަ އަޅުގަނޑުގެ މޭޒުމައްޗަށް އިލްޔާސް ސަޓޯގެ މަޝްހޫރު ބޮޑު ޚިޔާނާތުގެ ކެސެޓްރޯލް ލިބުނުގޮތާ ބެހޭސުވާލުތައް ވެސް ތަކުރާރުކޮށް މީނާ އަޅުގަނޑައި ތަކުރާރުކޮށް ކުރައްވައިފިއެވެ. މިހާގިނަ ވާހަކަތައް ކެސެޓްރޯލާބެހޭ ގޮތުން ދައްކަންފެށީމާ މިއުޅެނީ ހަންދުއާއި ވިންޓަރ ޝަރީފްގެ ފަރާތުން ކޮންމެވެސް މައުލޫމާތެއް ލިބިގެންކަމުގައި އަޅުގަނޑަށް ވަރަށްޝައްކު ކުރެވިއްޖެއެވެ.
އަދި މިވެރިންނަށް މިއުޅެނީ މިވާހަކަ ލިބިގެންކަން ފަހުން، އަޅުގަނޑަށް ޔަގީން ކުރެވިއްޖެއެވެ. ވިންޓަރ ޝަރީފް ބަންދުކުރުމާއެކު ވަރަށް ތަފްސީލުކޮށް އޭނާ އެކަމުގައި ކުޅުނުރޯލު ވަނީ އޭނާ ތަހުގީގަށް ކިޔައި ދީފައެވެ. އެހެނަސް ސިފައިންނަށް މިކަން ގަބޫލުނުކުރެވޭތީ އެންމެބޮޑަށް އަޒާބުދެއްކީ ވިންޓަރަށެވެ. މިދުވަސްކޮޅު ހަންދުއާއި ވިންޓަރު ގެންގުޅެނީ އަނދަގޮނޑީގައި ޗޭނުޖަހައިގެން ކުޑަގޮޅީގައެވެ. އަޅުގަނޑު އަތުން ވާހަކައިގެ އެތިކޮޅެއް ހޯދައިގެން ގޮސް ހަންދުކައިރީގައި އަހަނީއެވެ.
ދެންވިނަޓަރާވެސް އެމީހުން އެކިބައިބަޔަށް ބެހިލައިގެންގޮސް އިތުރުސުވާލުތައް ކުރަނީއެވެ. ޖަލުތެރޭގައި ބޮޑު ކަންތައްގަނޑެއް އެއްފަހަރާ އެބަހިންގައެވެ. އެކިމީހުން އެކިފަހަރާ ތެދުވެގެންގޮސް އައިސްހަދައެވެ. ބައެއްފަހަރަށް އަޅުގަނޑު ބޭރަށްނެރެފައި އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެއްގައި ބައިންދައި އަނެއްކާވެސް އެތަނަށް ވައްދާހަދައެވެ. ރޭގަނޑުން ބަޔަކާއެކު މިއަދުގެ ތަހްގީގު ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑާ ބައިވަރު ސުވާލުތައް މިކަންކަމާ ގުޅިގެން ތަކުރާރުކޮށް ކުރަމުން ގެންދިޔައެވެ.
އަޅުގަނޑަށް ޚަބަރު ލިބުނުގޮތުގައި މިހާތަނަށް ހަންދުއާއި ވިންޓަރ ޝަރީފު އަނދަގޮނޑީގައި ގެންގުޅެތާ ހަފްތާއެއްވަރު ވެދާނެއެވެ. ތަހުގީގު ކޮޓަރިން ބޭރަށް ނެރުނު ފަހަރެއްގައި ގޮނޑީގައި އިނދެ އަޅުގަނޑު ވަރަށް ވިސްނުމަށް ފަހު، ﷲއަށް ތަވައްކުލުކޮށް އަޒުމްކަނޑައަޅާ ނިންމިގޮތަކީ، ކެސެޓްރޯލް އަޅުގަނޑަށް ލިބުނުގޮތް ރަނގަޅަށް ތެދުތެދަށް ތަހުގީގުޓީމަށް ކިޔައިދޭށެވެ.
އަޅުގަނޑަށް އިލްޔާސްއާއި ސަޓޯގެ ކެސެޓްރޯލް ލިބުނުގޮތް ތަހުގީގަށް ހާމަކުރުމުގެ ގަޑިޖެޖެހުނީކަމަށް އަޅުގަނޑު ނިންމައިފީމެވެ. މިގޮތަށް މިކަން ކޮށްގެންނޫނީ ހަންދުމެންގެ އަދަބުލުއި ނުވާނެކަން އަޅުގަނޑަށް އަންނަމުންދާ އިންޒާރުތަކާއި ސުވާލުތަކުން އަޅުގަނޑަށް އިލްހާމްވާން ފަށައިފިއެވެ. ހިތާއިހިތުން މިކަންމިގޮތަށް ކުރަންމުޅިން ނިންމައިފީމެވެ. އަޅުގަނޑުގެ ޒަމީރުއެގޮތަށް ރުހިއްޖެއެވެ.
ކޮންމެހެންވެސް މިކަންތައްގަޑުގެ ތެރެއަށް އަޅުގަނޑު ވަދެގެންނޫނީ ކޮއްކޮމެންނަށް ދެމުންދާ އަޒާބަށް ލުޔެއްނެތްކަން ހިތުގެއަޑިން އަޅުގަނޑަށް ގަބޫލް ކުރެވިއްޖެއެވެ. އަންނިވެސް މީގެތެރެއަށް ވަންނަވާނެކަން އަޅުގަނޑަށް ވިސްނިއްޖެއެވެ. ސިޔާސީގޮތުން ވެސް އެއީކުރިއެރުމަކަށް ވެދާނެހެން ހީވާން ފަށައިފިއެވެ. އަޅުގަނޑުމެން ސިޔާސީ މީހުންނަށް މީގެތެރެއަށް ވަންނަށް ސިޔާސީގޮތުން މަޖްބޫރު ވެއްޖެއެވެ.
ހަގީގަތުގައި އަޅުގަނޑަށް ވެސް އަދި އަންނިއަށް ވެސް، ހަންދު ގޮއްވާލި ކަޓޫރަބޮމުގެ އެއްވެސް މައުލޫމާތެއް ހަގީގަތުގައި ލިބިފައެއް ނެތެވެ. އެހެނަސް ސިޔާސީގޮތުން މީގެތެރެއަށް އަޅުގަނޑުމެން ވަދެގެންނޫނީ ދާއިމީ ރަނގަޅު ހައްލެއް ރާއްޖެއަށް ނުލިބޭނެކަން ކަށަވަރުވުމުން، އަޅުގަނޑުމެން ގަސްދުގައި މީގެތެރެއަށް ވަދެ، ހަންދުމެން ގޮއްވާލި ކަޓޫރަބޮމުގެ މައުލޫމާތު އަޅުގަނޑު މެންނަށް އެނގޭކަމަށް ބުނެ އެއްބަސްވީއެވެ.
ހަންދުމެންނަށް ލުޔެއްއަންނާނީ މިކަންތައްގަޑުގެ ތެރެއަށް ތަހުގީގުން ވައްދަން ބޭނުންވާ ސިޔާސީމީހުން ރީތިކޮށް މީގެތެރެއަށް ވަދެގެންކަން ޔަގީންވި ހިސާބުން އެހެންހެދީ ރަނގަޅު ނަތީޖާއެއް ނެރުމުގެ ބޭނުމުގައެވެ. ބައިނަން އަގްވާމީ މުޖްތަމަޢުން މިކަމުގެ ތެރެއަށްވަދެ، އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަބޭރުގެ ޖަމާއަތްތައް ރާއްޖޭގެ ސިޔާސަތުތަކުގެ ތެރެއަށް ބޮޑުކޮށް ވެއްދުމަށެވެ.
އެމީހުންގެ ފާރަވެރިކަމުގެ ދަށަށް ރާއްޖޭގެ ސިޔާސީ މަސްރަހު ގެނައުމަށެވެ. އަދި މިކަންތައްގަނޑު އަވަހަށް ނިމޭނީ އަޅުގަނޑުމެން ދެމީހުން މިކަމުގެ ތެރޭގައި ތާށިވެގެންކަން ވަރަށްރަނގަޅަށް އަޅުގަނޑަށް ވިސްނިއްޖެއެވެ. އަދި ތަހުގީގުޓީމުގެ ވިސްނުމާއި މަގްސަދަކީވެސް މީކަން ވަރަށް ސާފުކޮށް އަޅުގަނޑަށް ކަށަވަރުވުމާ ގުޅިގެން ތަހުގީގަށް އެތެރެއަށް ވެއްދި ފަހަރެއްގައި ތަހުގީގުޓީމަށް އެރޯލު (އިލްޔާސް ސަޓޯގެ އެފުޕީއައިޑީ ވައްކަމާގުޅޭ އެދެމީހުން ދެއްކި ވާހަކަތަކުގެ ރެކޯޑިން) އަޅުގަނޑުއަތަށް ލިބުނުގޮތް ސީދާކޮށް ކިޔައިދޭން ނިންމައި ފީމެވެ.
އެފުޕީއައިޑީ ވައްކަމުގެ އިލްޔާސް އާއި ސަޓޯގެ ކެސެޓްރޯލް އަޅުގަނޑު އަތަށް ލިބުނުގޮތް:
އޭ! މުހަންމަދު އިބްރާހީމެވެ! މިފަހަރު މިއައި އަޅުގަނޑަށް އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތު ތެރޭގައި އާންމުވި، އިލްޔާސް އާއިސަޓޯގެ ކެސެޓްރޯލް އަޅުގަނޑަށް ލިބުނުގޮތް ތަފްސީލުކޮށް ކިޔައިދޭށެވެ. އަޑުއައްސަވާށެވެ! މިތާތިއްބެވި އެންމެންވެސް ވަރަށް ސަމާލުކަމަށް އައިސް އަޑުއެހުމަށް ހިމޭނުން ތިބެއްޖެއެވެ. އިލްޔާސާއިސަޓޯގެ މަޝްހޫރު މިކެސެޓްރޯލް އަޅުގަނޑަށް ލިބުނުގޮތްވާނީ ކުރިން ކިޔައިނުދީ ސިއްރެއްގެ ގޮތުގައި އަޅުގަނޑު ހިފާއްޓާފައެވެ.
އެހެނަސް އެރޯލް ލިބުނުގޮތް ތެދުވެރިކަމާއެކު މިހާރުމިކިޔައި ދެނީއެވެ. ރަނގަޅަށް އަޑު އައްސަވާށެވެ! އަޅުގަނޑުގެ ކޮއްކޮ އަހްމަދު ރަޝީދު ހަންދުއަށް ވިންޓަރ ޝަރީފް އަތުން މިކެސެޓްރޯލް ލިބުނީމާ އަޅުގަނޑަށް ދޭންވެގެން ހަންދުއައީ ސިޓީއުރައަކަށް ލައިގެން އޭތިހިފައިގެން އިސްލާމީ މަރްކަޒަށެވެ. އެވަގުތު އަޅުގަނޑު މޭޒުގައި ނެތުމުން އޭނަހެދިގޮތަކީ ކެސެޓްރޯލް ލާފައިއޮތް ސިޓީއުރަ އަޅުގަނޑުގެ މޭޒުމަތީގައި ބާއްވާފައި ދިޔައީއެވެ.
އަދި އެރޭ ހަންދުއައި ގެއިން ދިމާވުމުން އެއީ އޭނާ އިސްލާމީ މަރުކަޒަށް ގެންދިޔަ ކެސެޓްރޯލެއްކަމާ، ދޮންބެ ނެތުމުން މޭޒުމަތީގައި ބޭއްވީކަމަށް ހަންދު، އަޅުގަނޑަށް ކިޔައި ދިނީއެވެ. އެހެނަސް ކުރީފަހަރުގެ ތަހުގީގުގައި އަޅުގަނޑުވާނީ، އަޅުގަނޑުގެ މޭޒުމައްޗަށް މިރޯލުއައިގޮތެއް އެއްގޮތަކަށް ވެސް އަޅުގަނޑަށް ނޭންގޭކަމަށް ބުނެ އެކަން ސިއްރުކޮށް ފައެވެ. މިދޮގު ތަހުގީގުގައި މިގޮތަށް އަޅުގަނޑު ހަދަންޖެހުނީ، އަޅުގަނޑުގެ އަމިއްލަ ނަފްސުގެ ދިފާޢުގައެވެ. ފުރާނައަށް ބިރަށް ކަމަށް ބުނީމެވެ.
އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހަންދުއާއި އެހެންކޮއްކޮމެން ސަލާމަތްކުރުމަކީ، އަޅުގަނޑުގެ ނަފްސުދިފާޢު ކުރުންކަމުގައި ދެކިއެވެ. މިވާހަކަތައް މުހަންމަދު އިބްރާހީމަށް އަޅުގަނޑު ކިޔައިދިނުމުން އޭނާ ވަރަށްބޮޑަށް އުފާވެއްޖެކަން އޭނާގެ މޫނުމަތިން އަޅުގަނޑަށް ދިރާސާކުރެވި، އިހްސާސް ކުރެވިއްޖެއެވެ. ވަރަށް އަވަސްއަވަހަށް އެވާހަކަ އަޅުގަނޑު ކިޔައިދިންގޮތަށް އޭނާ ނޯޓްކޮށްފިއެވެ.
ހަންދުއަށް ވިންޓަރޝަރީފު އަތުން އެރޯލް ލިބުނުގޮތާއި ވިންޓަރޝަރީފް މިކަން ކުރެއްވިގޮތް ވެސް އަޅުގަނޑުގާތުން ސާފުކުރެވޭތޯ ވަރަށްގިނަ ސުވާލުތައް ކުރެއްވިއެވެ. މިސުވާލުތަކަށް އަޅުގަނޑު އިންކާރުކޮށް ވިންޓަރު މިކަން ކުރެއްވިގޮތް، އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގޭކަމަށް ދެންނެވީމެވެ. ވިންޓަރު މިތާނގައި އަނދަގޮނޑީގައި އެބައޮތެއް ނޫންތޯއެވެ! އޭނާއާ ތިޔަސުވާލުތައް ކުރެއްވުން ބުއްދިވެރިވާނެ ކަމަށް އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަށް އެނގިހުރެވެސް މިވާހަކަތައް ކިޔައިނުދީ އަނެއްކާވެސް ސިއްރު ކުރީއެވެ. މިއީ މިފަހަރު އަޅުގަނޑުގެ ހިތަށްއެރިގޮތެވެ. ބޭނުމަކީވިންޓަރު ކުރިކަމެއްގެ ވާހަކަ ވިންޓަރު ލައްވާ ކިޔުވާށެވެ.
ވިންޓަރާބެހޭ މިވާހަކަތައް އެންމެފުރަތަމަ އަޅުގަނޑުގެ ފަރާތުން ލިބިގެންނުވާނެ ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވުނީމާ މިހެންހެދީ ގަސްދުގައެވެ. ވާހަކަ ގިނަވެ ތަހުގީގު ވެސް ދިގުލާނެތީއެވެ. ކުރިން އަޅުގަނޑުނުދީ ހިފާއްޓާފައިހުރި މައުލޫމާތުތަކެއް ތަހުގީގަށް ލިބުމުން މުހަންމަދު އިބްރާހީމް ވަރަށް އުފާކޮށް އެހިސާބުން އެވަގުތައް ތަހުގީގު ހުއްޓާލައްވާފައި އެބޭފުޅުންގެ މަޝްވަރާއަށް މެދުކަނޑާ ލެއްވީއެވެ.
މިއީ އޭނާއަށާއި އޭނާގެ ކުރިއެރުމަށް ލިބުނު ކުރިއެރުމެއްކަން އޭނާގެ އަމަލުތަކުން އަޅުގަނޑަށް އެނގުނެވެ. ތަހުގީގަށް އޮޅުވާލައިގެން ދޮގުހަދާފައިވާތީ އެކަންސާބިތު ވުމުން އަޅުގަނޑަށް އިތުރުހުކުމެއް އަންނާނެކަން އަޅުގަނޑަށް އެނގޭހާލުވެސް މިކަން ގަސްދުގައި އަޅުގަނޑު ކުރީއެވެ. ދެން އަޅުގަނޑު ގެންގޮސްގޮޅީގައި އަނެއްކާވެސް ބަންދުކުރީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ.
ހަމަމިދުވަހުގެރޭ އަނެއްކާވެސް ދެން ނެރުނީރޭގަނޑު އެގާރަޖެހި ފަހުންނެވެ. ކަމަކުދާކަށް ނެތެވެ. ތަހުގީގުއޮތީ އޭގެއެންމެމަތީގެ ގިޔަރަށް އުފުލާފައެވެ. ތަހުގީގުމޭޒުދޮށަށް ގެންދިޔައިރު ކުރިމަތީގައިހުރި މޭޒެއްގެމަތީގައި އެކިވައްތަރުގެ ބިޑީގެ މައުރަޒެއް ހުޅުވާފައި އޮތެވެ. ދުނިޔޭގައި ލެއްވި ހުރިހާވައްތަރެއްގެ ބިޑިތަކެއް އަތުރާފައި ހުއްޓެވެ. އެކިފާޑުފާޑުގެ ބިޑިތައް ފެންނަން ހުއްޓެވެ. އަލަށް އޯޑަރކޮށްގެން ގެނެސްފައިހުރި ވަރަށްއާ ބިޑިތައްވެސް ފެންނަންހުއްޓެވެ.
އަދި ފޮށިން ނެގިގޮތަށް ޕްލާސްޓިކްއުރަ ކަނޑާނުލާ ބަހައްޓާފައިހުރި ބިޑިވެސް ފެންނަން ހުއްޓެވެ. ބިޑީގެ ދިހަވަރަކަށް ވައްތަރު ފެންނަގޮތަށް ދައްކާލަން ބަހައްޓާފައި ހުއްޓެވެ. މިފަހަރުވެސް ފުރަތަމަ ސުވާލުކުރެއްވީ، އިސްކޮށް އިންނެވި ޝަކޫރެވެ. ވިދާޅުވިއެވެ. އިލްޔާސް މިގެނެވުނީ ބުނާނެ އިތުރުއެއްޗެއް އޮތްތޯބަލާށެވެ. އިތުރަށް ބުނާނެއެއްޗެއް ނެތޭ ދެންނެވުމުން، މިތާގައި މިހިރި އެކިއެކި ވައްތަރުގެ ބިޑިތަކުން ބިޑިއެއް އެޅުވިދާނޭ ޝަކޫރު ވިދާޅުވެއްޖެއެވެ. ދެތިންފަހަރު އަދަބުބޮޑު ކުރެވިދާނެކަމަށް ކޯފާވެފައި އަޅުގަނޑާ ދިމާއަށް ވިދާޅުވެއްޖެއެވެ.
ފުރަތަމަ ފަހަރަށް ބިޑިއެޅުވުން:
އަޅުގަނޑަށް ޖަވާބުދޭން ވިދާޅުވުމުން، އަޅުގަނޑު ދަންނަވައި ފީމެވެ. އަޅުގަނޑުގެ ސިކުނޑީގައި ނެތްވާހަކަތަކެއް ހަދަހަދައިގެން އަޅުގަނޑަށް ކިޔައިދެވޭކަށް ނޯންނާނެއެވެ. މިހެން ދެންނެވީމާ، ސުލައިމާނު ސަރުދާރަށް ޝުކޫރު ގޮވާލައްވާފައި ވިދާޅުވަނީ، މީނާގެ އަތުގައި ބިޑިއަޅުވާށެވެ. އަޅުވަންވީ ވައްތަރުވެސް ސުލައިމާނު ގާތުގައި ޝަކޫރު ވިދާޅުވެއްޖެއެވެ. ޝަކޫރު ބިޑިއަޅުވާށޭ ވިދާޅުވުމުން ހަމައެވަގުތު، ބިޑިއެއްނަގައި އަޅުގަނޑުގެ ދެއަތްއެއްކޮށް ކުރިމައްޗަށް ވާގޮތަށް ސުލައިމާނު، އެބިޑި އަޅުވައިފިއެވެ.
މިއީ ވަރަށްއާކޮށްއޮތް މުޅިންއާ ބްރޭންޑަޑް ބިޑިއެކެވެ. އިނގިރޭސި ކުންފުއްޏެއް ކަމުގައިވާ ހިއަޓް (HIATT) ކުފުނިން އުފައްދާފައިވާ ޗޭނުކޮޅުލީ ވަރަށްރީތި ބިޑިއެކެވެ. މިއީ އޮރިޖިނަލް އެއްޗެއްކަން ބަލާލީމާވެސް އެނގެއެވެ. ބިޑިތަކުގެ ތެރެއިން އެންމެފަސޭހަ ވައްތަރުގެ ބިޑިއަކީ މިއެވެ. މިބިޑިން އެއްވެސް ގޮތަކަށް ސިއްހީގޮތުން އަނިޔާއެއް އަދި ޖިސްމާނީގޮތުން އެއްވެސް ކަހަލަ ގެއްލުމެއް ނުލިބެއެވެ. މިމައްސަލާގައި ބަންދުކުރިތާ މިއީ، 4 ވަނަދުވަހެވެ. ބިޑި އެޅުވުމަށް ފަހު، އަނެއްކާވެސް ގެންގޮސް ގޮޅިއަށްލާ ތަޅުލީއެވެ. ބިޑިއާ އެކުގައެވެ. ދެއަތްވެސް ތަޅުލީއެވެ. އަނެއްކާ ގޮޅިވެސް ތަޅުލީއެވެ. އޭރު ވަރަށް ދަންވެއްޖެއެވެ.
އަޅުގަނޑަށް ތަހުގީގުގައި ބާރުބޮޑުވަނީ ޑޮކްޓަރ ވަހީދު ސިފައިންގެއަށް ގެންދާ ރޭރެއެވެ. ވާގޮތަކީ، ޑޮކްޓަރ ވަހީދު ޖަލަށް ގެންދެވެން އަންނަނީ، އަޅުގަނޑުގެ އިއުތިރާފެއް ސިފައިންނަށް ލިބިގެންނެވެ. މިކަން އަޅުގަނޑަށް ސާފުވީ ތަހުގީގުގައި ކުރާސުވާލު ތަކުންނެވެ. އެންމެ ބޮޑަށް ސާބިތުކުރަން ބޭނުންވީ، ޖަވާހިރުވާދީ ތެރޭގައި މަޖިލީހުގެ މެންބަރުން ރައީސް މައުމޫނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތް ކުރިކަމަށް އަޅުގަނޑު ލައްވާ އެއްބަސް ކުރުވާށެވެ.
ފަހުން އެނގުނުގޮތުގައި ރާވާފައި އޮތީ އަޅުގަނޑު ލައްވާ އެބުނާގޮތަށް ބަޔާނެއްގައި ސޮއިކުރުވާފައި ޑޮކްޓަރ ވަހީދު ފުރިޔަނުދީ ހިފާއްޓާށެވެ. އެހެނަސް އަޅުގަނޑު އަތުން މިކަމުގެ ބަޔާނެއް ނުލިބިގެން ސިފައިންނަށް ޑޮކްޓަރ ވަހީދު ބަންދު ކުރެވޭގޮތް ނުވީއެވެ. ކޮންމެރެއަކު ޑޮކްޓަރ ވަހީދު ގެންގޮސް ދަންވަންދެން ސިފައިންގޭގައި ބައިންދާފައި އަޅުގަނޑުމެންގެ އިއުތިރާފެއް ނުލިބުނީމާ ދޫކޮށްލަނީއެވެ.
އެއްރެއަކު ރާއްޖެއިން ބޭރަށް ފުރާވަޑައި ގަންނަވަންވެގެން އެއަރޕޯޓަށް ވަޑައިގެންނެވި ފަހުން، ފުރުންމަނާކޮށް ސިފައިންގެއަށް ގެނެސް ވަރަށް ދަންވަންދެން ބައިންދާފައި އަނެއްކާވެސް ދޫކޮށްލީއެވެ. ދޫނިދޫގައި އަޅުގަނޑުމެންނަށް އަނިޔާބޮޑުވަނީ މިފަދަރޭރެއެވެ. ޑޮކްޓަރ ވަހީދު ފުރާވަޑައި ގަންނަވަން އުޅޭއިރަށް އަޅުގަނޑު ގޮޅިންނެރެ ތަހުގީގުގެ ގިޔަރު މަތިކޮށްލައެވެ. ބޭނުންވަނީ ޑޮކުޓަރު ވަހީދަށް ދުއްތުރާކރާށެވެ. ރާއްޖޭންފަހާލާށެވެ.
އަޅުގަނޑުގެ މުޅިހަޔާތުގައިވެސް މިއީ ފުރަތަމަ ފަހަރު ބިޑިއެއް އެޅުވިފަހަރެވެ. ވީމާ ކޮންމެވެސް ވަރަކަށް އާދަޔާޚިލާފު އަސަރުތަކަކާ ކުރިމަތި ލާންޖެހި އުނދަގޫތަކަކާއި އާއުދާސްތަކަކާ ކުރިމަތިލާން ޖެހުނެވެ. އެހެނަސް ގޮޅިއަށް ވެއްދުމުން ބިޑީގައި އިނދެ، ﷲއަށް ދަންނަވަންހުރި ވާހަކަތައް ދަންނަވާލެވުމުން ވަރަށް ހިތްހަމަޖެހި ރޫހާނީގޮތުން މީހާގެ ހިތްވަރު އާލާވެއްޖެއެވެ. މުޅިންގަދަފަދަ ވެއްޖެއެވެ. ކުރިޔަށްވުރެ ހިތްވަރުވަރުގަދަ ވެއްޖެއެވެ.
ރައީސް މައުމޫނުގެ ސަރުކާރުން ދެމުންގެންދާ އަނިޔާތަކަށް ހިތްވަރާއެކު ކުރިމަތިލުމަށް އާއަޒުމެއްގައި ފަށައިގަތުމަށް ނިޔަތްގަނެ ތައްޔާރު ވެއްޖައީމެވެ. ﷲ ހައްގަށް ނަސްރުދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިތުގައި އަބަދުވެސް އޮންނާތީ، އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. މާޔޫސްވާ ގޮތެއް ނުވެއެވެ. އަބަދުވެސް ހިތުތެރޭގައި ދައުރުވަމުންދަނީ ރާއްޖޭގެ މުސްތަގުބަލު ސިޔާސީގޮތުން ބިނާވެގެންދާނެ ކުރެހުމާ ބެހޭގޮތުންނެވެ. އެހެންވުމުން އަބަދުވެސް ހުންނަނީ ޚިޔާލާއި ވިސްނުން ތާޒާކޮށެވެ. މޮޅެތިވިސްނުން އިތުރުވެ އާލާވާގޮތަށެވެ.
ހަށިގަނޑައި ނަފްސަށް މިގޮތުން އަބަދުވެސް ދަނީކާނާ ލިބެމުންނެވެ. ރޫހާނީގޮތުން ތާޒާވަމުންނެވެ. ރޫހާނީބާރު އިތުރު ވަމުންނެވެ. ﷲގެ މަދަދާއި ހިތްވަރު ލިބެމުން ދިޔައީ އިންތިހާއަށެވެ. ހިތަށްނާރާހާ ކަންތައްތައް ވަމުންދިޔައެވެ. އަބަދުވެސް ވުޟޫއުމަތީގައި އިނދެ ބަރާބަރަށް ނަމާދުތައް ކުރަމުން ގުރުއާން ކިޔަވަމުން، ﷲއަށް އިއުތިކާފަށް އިނުމެއް ފަށައިގަތީއެވެ.
ރަނގަޅު ހުވަފެންތައް ތަކުރާރުކޮށް ފެނުމާއެކު ނިޔަތާއި އުންމީދުތައް އުޖާލާވެ އާވަމުންދެއެވެ. އާވިސްނުންތަކެއް އަބަދުވެސް އާލާކުރެވެއެވެ. ބިޑީގެ އުނދަގުލާ އެކުވެސް ގޮޅިތެރޭގައި ބުއިމަށް ހުންނަފެންފޮދުން އަބަދުވެސް ވުޟޫއުކޮށްލައިގެން އަބަދުހެން ކިޔަވަން އިންނަނީއެވެ. ﷲގެ ނޫރުން އަބަދުވެސް އަޅުގަނޑަށް އަލިކަން ލިބޭކަން އިހްސާސް ކުރެވެއެވެ. އެއަލިކަން އެއްދުވަހުން އަނެއްދުވަހަށް އިތުރުވެއެވެ.
27 ޑިސެންބަރ 1990 ވީ ބުރާސްފަތި ދުވަހު ހަވީރު ވަގުތެއްގައި އަނެއްކާވެސް ސުވާލުކުރުމަށް ނެރުނެވެ. ގެންދިޔައީ ތަހުގީގު ކޮމެޓީގެ ކުރިމައްޗަށެވެ. ފުރަތަމަ އެއްސެވީ އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟ ވަރަށް ގަދައަޅާ މިސުވާލުތައް ތަކުރާރު ކުރެއްވިއެވެ. ހުރިހާ ބޭފުޅުން ވެސް އެކިގޮތްގޮތަށް ކުރެއްވީ ހަމަމިސުވާލު ތަކެވެ. އިތުރަށް ދަންނަވާނެ އެއްވެސް އެއްޗެއްނެތޭ އަޅުގަނޑު ދެންނެވުމުން އަވަހަށް ގެންގޮސް އަނެއްކާވެސް ގޮޅިއަށްލާ ތަޅުލައިފިއެވެ.
މިހިސާބުން އަޅުގަނޑާމެދު އިތުރު ކަންތައްތަކެއް ރާވާނެކަން އަޅުގަނޑަށް ސާފުކޮށް އެނގިއްޖެއެވެ. ނަމާދުކުރުމާއި ކިޔެވުމުގައި ގޮޅީގައި އިންނަނީއެވެ. އިރުއޮއްސެން ވަރަށް ކާރިވެފައި ވަނިކޮށް ސުލޭމާނު ސަރުދާރު ދުރުވެ، އެއްޗިއްސާއެކު ނުކުތުމަށް ބުނުމުން އަޅުގަނޑު އަތުގައިހުރި މަދު އެތިކޮޅާއެކު ނުކުތުމުން ގެންގޮސް ވެއްދީ ޓިނުން ހަދާފައިވާ، 34 ނަންބަރުގޮޅި އަށެވެ. މިރެއަށް ތަހުގީގުގެ އާފެށުމެއް އަންނަނީކަމަށް ލަފާކުރެވުނެވެ. އަނެއްކާ ވެސް އަދަބުގެ އެއްދަރަޖަ މަތިކޮށްލީއެވެ.
މިފަހަރު ޖަލަށް ގެނައިއިރު، ޖަލުތެރޭގައިހުރީ އިތުރުގޮޅިތަކެއް ރޯޓިނުން ހަދާފައެވެ. ޖަލުސަރަހައްދުގެ ބޭރުގައި ބަކަރިކޮށި ވަށައިގެން ހަދާފައިހުރި ގޮޅިތައް ދޫނިދޫއަށްއަރާ ކޮންމެމީހަކަށްވެސް ފެންނާނެއެވެ. އެސަރަހައްދު ވަކިކޮށް ނިވާކުރުމަށް ފާރެއް ނުވަތަ ނިވާފަތް ގަނޑެއް ނުހުރެއެވެ. މިއީ ވަގުތީގޮތުން މިކަމުގެ ތަހުގީގަށް ތައްޔާރުކުރި ވަރަށް އަނިޔާވާގޮތަށް ހަދާފައިހުރި ކުދިކުދި ޓިނުގޮޅިތަކެކެވެ. މިގޮޅިތައް ހަދާފައިހުރީ އޭރުދޫނިދޫގައި ހުންނަބަކަރި ކޮށީގެ އިރުމަތީ ފަރާތާއި ހުޅަގު ފަރާތުގައެވެ.
މިއީ ކުއްލިގޮތަކަށް ކޮންމެވެސް ކޮންޓްރެކްޓިން ކުންފުންޏެއް ލައްވާ ބޮޑުއަގު ދީގެންހެއްދި ގޮޅިތަކެކެވެ. ހީވަނީ އަމީން ކޮންސްޓްރަކްޝަން ލައްވާ ކުރުވިކަމެއް ހެންނެވެ. އެކުންފުނީގެ ބައެއްމީހުން ދޫނިދޫތެރޭގައި ހިނގާބިނގާ ވާތަން މަދުންފެނެއެވެ. އަޅުގަނޑު ދޫނިދޫޖަލަށް އެންމެފުރަތަމަ ގެންދަން ފެށިއިރު ހުންނަނީ މުޅިއެކު، 18 ގޮޅިއެވެ. މިއީ ވަކިސަރަހައްދެއް ގައިހަދާފައި ހުންނަ ކުދިގޮޅިތަކެއްގެ މައްޗަށް އެކުލެވިފައިވާ ޚާއްސަ ޖަލެކެވެ. މިބަޔަށް ވަދެވެނީ ވަކިގޭޓަކުންނެވެ.
މިސަރަހައްދަކީ ފާރަކުން ވަކިކުރެވިފަވާ ވަކިތަނެކެވެ. ހުންނަނީ ބަރިއެއްގައި، 6 ގޮޅިއެވެ. ތިންބަރިއެވެ. މިގޮޅިތައް ހުންނަނީ ރާނާއި ސިމެންތިޖަހާއި ހިޔާކޮށްފައެވެ. ފަހުބަރީގެ ގޮޅިތައް ހުންނަނީ ޝީޓްއަޅައިގެން ހިޔާކޮށްފައެވެ. މިތިންބަރީގެ ފަހަތަށް އަލަށް އިތުރުކުރި ގޮޅިތަކަކީ މުޅިން ވެސް ޝީޓްއަޅައިގެން ހިޔާކޮށްފައި ހުންނަ ގޮޅިތަކެވެ. އަދި ކުޑަތަންކޮޅެއް ފާޚާނާއަކަށް ބޭނުންކުރެވޭ ގޮތަށް ގޮޅިއާ ގުޅުވައިގެން ހަދާފައި ހުންނަ ތަންތަނެވެ. މިބައިގާ މިވަގުތު ނިމިފައިހުރީ އިތުރަށް ދެގޮޅިއެވެ. މިހާރުވެސް ގެންދަނީ، މިސައިޒުގެ އިތުރުގޮޅިތައް މިސަރަހައްދުގައި އިތުރަށް ބިނާކޮށް ހަދަމުންނެވެ.
ބަކަރިކޮށީގެ ދެފަރާތުގައި އަލަށްހެދި ގޮޅިތަކަކީ، މުޅިންޓިނު ޖަހައިގެން އެތެރޭގައި ތަޅުންކޮޅެއް ގާފޮޅަކާއެކު ހަދައި އޭގެމަތީގައި ލަކުޑިފަތި ޖަހައިގެން ބިއްތަށް ހެދުމަށްފަހު މައްޗާއެކު ވަށައިގެން ޓިނުޖަހައިގެން ހަދާފައިހުރި، 3 ފޫޓު 6 ފޫޓުގެ ކުދިގޮޅިތަކެކެވެ. މިގޮޅިތައް ފެށެނީ، 21 ނަންބަރުންނެވެ. 19 އަދި 20 ނަންބަރު ދީފައިވަނީ، ޖަލުސަރަހައްދުގައި އިތުރުކުރާ ގޮޅިތަކު ތެރެއިން ނިމިފައިވާ ދެގޮޅިއަށެވެ. ބަކަރިކޮށީގެ އިރުމަތީ ފަރާތުގައި، 21 ން 30 ނަންބަރާ ހަމައަށެވެ. ގޮޅީގެދޮރު ހުންނަނީ، ބަކަރިކޮށީގެ ފާރާދިމާއަށެވެ.
ބަކަރިކޮށީގެ ހުޅަގުފަރާތުގައި ހުންނަނީ، 31 ން ފެށިގެން، 36 ނަންބަރާ ހަމައަށެވެ. ޖުމްލަ، އެކަކުން ފެށިގެން، 36 ގޮޅި އެދުވަސްވަރު ބޭނުންކުރެވޭ ގޮތަށް ނިމިފައި ހުއްޓެވެ. އަދި ޖަލު ސަރަހައްދު ތެރޭގައި އިތުރުގޮޅިތައް ހަދަމުންގެންދާތަން ފެނެއެވެ. ބަކަރިކޮށީގެ ހުޅަނގުފަރާތުގައި ހުންނަ، 6 ގޮޅީގެ ދޮރުވެސް ހުންނަނީ ބަކަރިކޮށީގެ ފާރަށް މޫނުމަތިކޮށެވެ. ރޭގަނޑު އިވެމުންދަނީ މުޅިންވެސް ނާމާންއަޑުތަކެވެ. ދަންވަރު ހޭލެވިއްޖެ ނަމަވަރަށް ބިރުވެރިވާނެއެވެ.
ނުނިދިއެތައް އިރެއްވަންދެން އޮންނަން ޖެހޭނެއެވެ. އަޅުގަނޑު ވެއްދި، 34 ނަންބަރުގޮޅިއަކީ، މީގެތެރެއިން އަލަށްހެދި ގޮޅިއެކެވެ. ސުލޭމާނު ސަރުދާރު އަޅުގަނޑު ގެންގޮސް، 34 ނަންބަރު ގޮޅިއަށް ވައްދައި ވަރަށް ރަހުމުކުޑަ ގޮތަކަށް ތަޅުލާފައި އެއްވެސް އެއްޗެއް ނުބުނެ ހިގައްޖެއެވެ. ބަކަރިކޮށީގެ ހުޅަނގު ފަރާތުގައި ހަދާފައިހުރި، 6 ގޮޅީގެ ދޮރުފަތުގައި ޓިނުޖަހާފައެއް ނެތެވެ. ތަޅުލަންހަދާ ގޮތަކީ، ދޮރުފަތާއެކު ދަގަނޑު ފަތިގަނޑެއް ދޮރުފަތް ހުރަސްވާގޮތަށް އަޅުވާފައި އެލުވާތަޅަކުން ތަޅުލަނީއެވެ. މިގޮޅިތަކަށް ހުންނަނީ، ވަގުތީގޮތުން ހަދާފައިހުންނަ ވަކިގިފިއްޔެކެވެ.
ގިފިލީގެ ބިއްތައް ޓިނުޖަހައިގެން ހަދާފައި ތާނގީފައްތައިގެން ވަޅެއްހަދާފައި އެވަޅުގެ ވަށައިގެން ހުންނަނީ ތަޅުންކޮޅެއް އަޅާފައެވެ. އަދި ވަޅާކައިރީގައި ފެންއަޅާގޮތަށް ތިރިތައްޓެއް ބަހައްޓާފައެވެ. ދާންޏަކާއި ވާގަނޑެއް ޖަހާފައިހުންނަ ކުޑަބާލިދީއެއް ހުރެއެވެ. ގިފިލީގެ ދޮރުވެސްހުރީ ޓިނުޖަހައިގެން އެތެރޭން ވާކޮޅަކުން ބަނދެލެވޭ ގޮތަށް ހަދާފައެވެ. މިގިފިލި ބޭނުންކުރާއިރު ސުލައިމާނު ސަރުދާރު ގިފިލި ބައްލަވާ ކަމަށް ޖަލުތެރޭގައި ވާހަކަދެކެވެއެވެ.
މިގޮޅިތަކުގެ ތެރެއިން ދޮރުފަތުގައި ޓިނުޖަހައި ހަމައެކަނި ބަތްކާތައްޓެއް ވެއްދޭވަރުގެ ބާކޮޅެއް އާންގއެއްހެން ކަނޑާފައި ދޮރުފަތުގައި ހަދާފައިހުރެއެވެ. އެއީ ކާބޯތަކެތި ގޮޅިތެރެއަށް ވެއްދޭވަރުގެ އާނގައެކެވެ. މޮގިތަށް ޓިނުޖަހާފައި އާންގަަ ކަނޑާފައި ހުންނަނީ، 21 ނަންބަރުން ފެށިގެން، 25 ނަންބަރުގޮޅިއާ ހަމައަށެވެ. 26 ން 30 ނަންބަރު ގޮޅިއާ ހަމައަށް ހުންނަނީ، ހުޅަނގުފަރާތުގެ ގޮޅިތަކުގެ ދޮރުފަތް ހުންނަގޮތަށް ދޮރުފަތުގައި ޓިނުނުޖަހައެވެ. ވައިވަންނަގޮތަށެވެ.
ޖަލުސަރަހުއްދު ތެރޭގައި ހުންނަ، 1 ނަންބަރުން ފެށިގެން، 20 ނަންބަރު ގޮޅިއާ ހަމައަށްވެސް ހުންނަނީ، ދަގަނޑުން ތޭރިޖަހައިގެން ދޮރުފަތްހަދާފައި ވައިވަންނަ ގޮތަށްހުޅުވިފައެވެ. ބަތްތައްޓެއް ވަންނަވަރުގެ އާނގައެއް ދޮރުފަތުގެ މެދުގައި ލާފައެވެ. ދޮރުފަތުގައި ޓިނުޖަހައިގެން ހަދާފައި ހުންނަ، 5 ގޮޅީގައި ވައިވަންނަ ތަންކޮޅަކަށް ހުންނަނީ، ފުރާޅާއި ބިއްތަކާ ދޭތެރޭގައި ވަށައިގެން ނުބައްދާ ބަހައްޓާފައިހުންނަ ކައިވަތެއްވަރުގެ ވަށައިގެން ހުންނަ ޖާގައެކެވެ. ގޮޅީގެ ވަށައިގެން ފުރާޅުގެ ތިރިން މިޖާގަހުޅުވިފައި ހުރެއެވެ.
މިބައިވެސް ބަންދުކޮށް އެއްގޮތަކަށްވެސް ވައިކޮޅެއް ނުވަންނަގޮތަށް ހަމައެކަނި ބަތްތަށިވެއްދޭ ވަރުގެއާނގައެއް ކަނޑާފައި ހުންނަގޮޅިއަކީ، 21 ނަންބަރު ގޮޅިއެވެ. މިއީ އަނިޔާކުރުމަށް ވަކިންޚާއްސަ ކުރެވިފައި ހުންނަގޮޅިއެކެވެ. މިފަސްގޮޅީގައި އަނދަގޮނޑިވެސް ގެންގުޅެއެވެ. 21 ނަންބަރުގޮޅީގެ ބިތްތައް ހުންނަނީ، ވަށައިގެން ފުރާޅުގައި ޖައްސައި އެއްވެސް ގޮތަކަށް ވައިނުވަންނަހެން ބައްދާލާފައެވެ. މިގޮޅިއަށް އިރުގެ އަލިކަމެއް އަދި ވައިރޯޅިއެއް ވަންނާނެތަން ކޮޅަކަށް ހުންނަނީ ބަތްތަށި ވެއްދުމަށް ހުންނައާނގަ އެކަންޏެވެ.
މިއީ އެއްބަސްނުވާ ގައިދީންނަށް އަނިޔާކޮށްގެން އިއުތިރާފް ބަޔާންނަގާއި އެއްބަސް ކުރުވުމަށް ވައްދަން ހަދާފައިހުންނަ، އަނިޔާކުރުމަށް ޚާއްސަކުރެވިފައިވާ ގޮޅިއެކެވެ. ޖައްވުގައި، 32 ޑިގްރީއަށް ހޫނުމިން ހުރިއްޔާ، މިގޮޅީގެ ހޫނުމިން ގަދައަވީގައި، 50 ޑިގްރީ ސެލްސިއަސް އަށް ހުންނާނެކަން ކަށަވަރެވެ. ދުވާލުވުމުން އަބަދުވެސް ހުންނާނީ ދާހިއްލާއި ފޯވެފައެވެ. ގަމީސްއޮންނާނީ، ދަލުންތަތްތެޅި ތެމިފޯވެފައެވެ. ފަތިސްދަޅައަށް އަޅާލުމުން އަބަދުވެސް އޮންނާނީ ފިނިކަމުން ގޮސް ނުނިދިފައެވެ. އާންމުކޮށް ރޭގަނޑުގެ ފަހުބަޔަށް އެޅުމުން ހީކަރުވަން ފަށާނެއެވެ.
ގެންގުޅޭ ތުވާލިގަނޑުން ހަށިގަނޑު ނިވާނުވެގެން ކުރަންޖެހޭ މަސައްކަތް ގިނަވާނެއެވެ. ވިއްސާރަރޭރޭ ހީކަރުވައި ގަނެގެން ތުރުތުރު އަޅާނެއެވެ. މިގޮޅިއަކީ، ގައިދީންނަށް އިންސާނިއްޔަތާ ޚިލާފުއަނިޔާތައް ދިނުމަށް ހަދާފައިހުރި ޚާއްސަ ގޮޅިއެކެވެ. އަބަދުވެސްއެތެރޭގައި އަނދަގޮނޑިއެއް އޮންނާނެއެވެ. މިގޮޅީގެ އިތުރުން ޖެހިގެންހުންނަ، މިހަގޮޅީގައި ވެސް އަޒާބުދެއްކުން އޮވެއެވެ. މިވަގުތު މިހަގޮޅީގެ ތެރެއިން ދެގޮޅިއެއްގައި ހަންދުއާއި ވިންޓަރު އަނދަގޮނޑީގައި ތިބޭކަންވަނީ އެނގިފައެވެ.
34 ނަންބަރު ގޮޅީގައި ބަހައްޓާފައިހުރި ދުވަސްކޮޅަކީ، ބިޑިއަޅުވާފައި ހުއްޓަސް ތަންކޮޅެއް ސާފުވައި ގޮޅީގެދޮރުން ލިބެމުންދިޔަ ހިތްހަމަ ޖައްސާލަން ލިބުނު ވަގުތުކޮޅެކެވެ. ދޫނިދޫއާ ދިމާލުގައި އެވަގުތުވައި ހުރިގޮތުން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް މިގޮޅިއަށް ވަރަށް ހިތްހަމަޖެހޭ ވައިރޯޅިތައް ލިބެމުންދިޔައެވެ. އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. ދެންގާޑަށް ގޮވައިގެން ގެނެސް ގިފިއްޔަށްވަދެ ހީސްލާއި ވުޟޫއުކޮށް ހަދައިގެން ގޮޅިއަށް އައިސް، މަޣްރިބް ނަމާދުކޮށް އަދި ޢިޝާނަމާދުވެސް ކޮށް ނިމިގެން ފާނޫޒުގެ ފަނޑުއަލީގައި ކިޔަވާލަ ކިޔަވާލާ އިނީއެވެ.
ގިނަގިނައިން، ﷲއަށް ދުޢާދަންނަވައި ކެތްރެތިކަން ދެއްވާއި އަޅުގަނޑުގެ ހިތްވަރާއި ކެތްތެރިކަމާއި އަޒުމް ވަރުގަދަކޮށް ދެއްވުމަށް އެދި ތަކުރާރުކޮށް ދެންނެވީމެވެ. އަދި މިއަނިޔާވެރިންގެ އަނިޔާތަކުން، އަޅުގަނޑުގެ ޖިސްމަށާއި ވިސްނުމަށް އެއްވެސްކަހަލަ އުނިކަމެއް އަޔަނުދެއްވުމަށް އެދި އަބަދުވެސް ދުޢާކުރަމެވެ. ގޮޅީގައި އިންނައިރު ނުބައިނުލަފާ ޖިންނިޝައިތޯނުންގެ ދުއްތުރާތަކާއި ގޯނާތަކުން ސަލާމަތްކޮށް ދެއްވުންއެދި، ﷲ އަށް އަބަދުވެސް ދުޢާދަންނަވުން ގެންދިޔައިމެވެ.
އަނިޔާވެރި ޖައްބާރު ނުލަފާމީހުންގެ އަނިޔާތަކުން ސަލާމަތް ކުރެއްވުން އެދި، ﷲއަށް އަބަދުވެސް ދުޢާދަންނަވަމުން ގެންދިޔައިމެވެ. ރެއަކުންރެއެއް އަނިޔާތައް އިތުރުވަމުން ދާއިރުވެސް އަޅުގަނޑުގެ ސިކުނޑިއާއި ހިތަށް އަބަދުވެސް ފިނިކަން ލިބުނެވެ. ބިރުގަނެ ދެރަވެ ރޮއި ހިތާމަކުރާކަށް ނުޖެހެއެވެ. އަބަދުވެސް ކެތްތެރިކަން ދެއްވިއެވެ. ﷲއަށް އެތައްހާސް ޝުކުރެއް މިއަޅާގެ ފުށުން ހައްގެވެ. ދުވަހަކު ވެސް އަދާކޮށް ނުނިމޭނެއެވެ.
މިގޮޅިތަކަށް ހުންނަ ގިފިއްޔަކީ، ވަރަށް އާކަންބޮޑު އަލަށް ހަދާފައިހުރި ތަނަކަށްވާތީ، ލަކުޑިއަށް މޮހޮރުޖަހައިގެން ބިއްގަނޑު ހެދިއިރު ޖަހަންގެންގުޅުނު ތަނުންބައެއް މޮހޮރު ބިންމައްޗަށް ވެއްޓި އެއްބައި މޮހޮރު ވަޅުޖަހާފައި ހުއްޓާފެނުމުން، އިތުރަށް ހޯދައިގެން، 4 އިންޗީގެ މޮހޮރަކާއި، 2 އިންޗީގެ މޮހޮރެއް ފެނުމުންނަގާ އަންބޮނޑިއަށްލައި ފޮރުވައިގެން ގޮޅިއަށް ގެނެސްފީމެވެ. މިދެމޮހޮރު ގޮޅިއަށްގެނެސް ފޮރުވަންނިންމީ، މިހެން މިގޮތަށް ހުންނައިރު ކޮންމެވެސް ބޭނުމެއް ޖެހިދާނެތީއެވެ.
މިދެމޮހޮރު ފޮރުވަންރޭވި ގޮތަކީ، ގެންގުޅޭ ތުވާލީގެ ފަތިޖަހާފައި ހުންނަތަނަށް ކުރުމޮހޮރުލީއެވެ. ދިގުމޮހޮރުލީ، ލާންގެންގުޅޭ ޖިންސްގެ ފައިކުރި މަޅާފަތިޖާފައި ހުންތަނަށެވެ. ލޯވަޅެއް ހަދާލާފައި މޮހޮރުގެބޯ ތަޅުންގަނޑުގައި ގާނައިގެން ކުޑަކޮށްލާފައި ކޮއްޕާލީމާ ވަރަށްރީއްޗަށް ފައިކުރީގެ ފަތީގެތެރޭގައި ފޮރުވިފައި އޮވެއެވެ. މިދެމޮހޮރުން ޖަލުގައި ހޭދަކުރަންޖެހުނު ދުވަސްތަކުގައި ވަރަށްބޮޑެތި ފައިދާތައް ކުރިއެވެ. ގަލަމެއްގެ ބޭނުންހިފުނެވެ. ގޮޅީގެޓިނު ބިއްތަކުގައި ލޯވަޅުއެޅުމަށް ބޭނުންހިފުނެވެ.
ދޫނިދޫގައިވީ، 18 މަސްދުވަހު މިދެމޮހޮރުގެ އެތައް ބޭނުމެއް ކުރެވުނެވެ. އަދި ގާމާދޫއަށް ބަދަލުކުރި އިރުވެސް މިދެމޮހޮރު ތުވާލީގަޔާއި ޖިންސްގެ ފައިކުރީގެ ފަތީގައި ފޮރުވައިގެން ގެންގުޅުނީމެވެ. ގޮޅިތައްޗެކްކުރި އެއްވެސް ރޭޑެއްގައި ސިފައިންނަށް ފެނިފައެއް ނެތެވެ. އަދި ގާމާދޫއަށް ބަދަލުކުރި ދުވަހުގެ ޗެކްކުރުމުން ވެސް މިއިންމޮހޮރެއް ފެނިފައެއް ނެތެވެ. މިމޮހޮރުން އެންމެފުރަތަމަ ހިފަންޖެހުނު ބޭނުމަކީ އެންމެމުހިންމު ބޭނުމެވެ. ގޮޅީގެ ޓިނުބިތުގައި ދޫނިދޫތެރެ ބެލޭނެހެންހީވާ އޭންގަލްތަކަށް މިސްރާބްކޮށް މޮހޮރުބޭނުން ކޮށްގެން ބޭރަށް ބޮޑުކޮށް ނޭނގޭވަރުށް ކުދިކުދި ލޯވަޅުއެޅީއެވެ.
މިލޯވަޅުތައް އަޅަންހެދި ގޮތަކީ، މޮހޮރު ޓިނުގަނޑުގައި ޖައްސާފައި މޮހޮރުގެ ބޮލުގައި ތުވާލިފަތްޖަހާލާފައި ޖެއްސުމަށްފަހު އަތްތިލައިން އޮބާއި ބޭނުން ސައިޒަކަށް އެއްކޮށް މާފުންކޮށް ފޫއެޅިގެން ނުދާގޮތަށް ކުޑަލޯވަޅެއް ހަދާލަނީއެވެ. ދެންއެލޯވަޅުތަކުން ބޭނުންވާ ދިމާލެއް ފަސޭހަކަމާއެކު ބަލަނީއެވެ. މީގެފަހުން ދޫނިދޫއަށް އަރާފައިބާ މީހުންނާއި ތަހުގީގުޓީމުގެ ހަރަކާތްތަކާއި އެމީހުން ރަށުތެރޭގައި އުޅޭގޮތްތަކާ، މިހެންގޮސް ދޫނިދޫގެ އެސަރަހުއްދުގައި ހިނގާގިނަކަންތައް އަބަދުވެސް އަޅުގަނޑު ގެންދަނީ މޮނިޓަރ ކުރަމުންނެވެ. ފާރަލާބަލަމުންނެވެ. ތަހުގީގުޓީމު އަންނަގަޑިވެސް އަދި ފުރާގަޑިވެސް އަޅުގަނޑަށް އެނގެއެވެ. ތަހުގީގަށް ނެރޭމީހުންވެސް އަޅުގަނޑަށް ފެނެއެވެ.
މިހެންއުޅޭއިރު މޮހޮރުނޫނަސް ބޭނުންހިފޭކަހަލަ އެއްޗެއް ފެންނައިރަށް ގާޑަށް ނޭނގޭގޮތަށް އެއެއްޗެއް ނަގައިފޮރުވަމެވެ. ސައިބޯނިލާފައި ހުންނަކަރުދާސް ކޮޅާއި އިލޮށިކޮޅުކޮޅައި އެކިކަހަލަސާމާނު ގޮޅިއަށް ގެނެސްހަދަމެވެ. ގޮޅީގައި އޮންނަ ތަޅުމުގައި ކާއްތައިގެން ތޫކުކޮށްގެން އެކިކަންތަކަށް ބޭނުންހިފަމެވެ. ގިފިއްޔަށް ދާންބޭނުންވާ ކޮންމެފަހަރަކު ޖެހެނީ، ބިޑިއަޅުވާފައި ހުރިއްޔާ ބިއްގަނޑުގައި ތަޅާށެވެ. ބިޑީގައި ނެތިއްޔާ އަތްތިލަބަޑި ޖަހާށެވެ. ހަޅޭލަވާއި ގޮވައިފިއްޔާ ގާޑުވަރަށް ރުޅިއާދެއެވެ. އަދި އެގޮތަށް ގޮވިޔަސް ނުވެސް އަންނާނެއެވެ.
ގިފިއްޔަށްނެރެ، އަދި ގެނެސް ގޮޅިޔަށް ވައްދާހަދަނީ ގާޑަކަށް އެވަގުތު ހުންނަމީހާއެވެ. މިގޮޅިތަކުގައި ވެސް ކަރަންޓެއް ނުހުރެއެވެ. ރޭގަނޑުވީމާ ފާނޫޒެއް ބޭރުގައި އިންނަ ބުޅިގަނޑެއްގައި އަޅުވާލަނީއެވެ. ފަތިސްވީމާ ނަގައިގެން ގެންދަނީއެވެ. މިކަންކުރާތަން ފެންނަނީ އަބަދުވެސް ސުލައިމާނު ސަރުދާރެވެ. ގިފިލީގައި، 5 ވޯޓްގެ ބޮތްކެއްލާފައި ހުރެއެވެ. ކާންގެންނަނީ ގޮޅިއަށެވެ. ތަބަކަކަށް ލައިގެން އެތަބައް ކުޑަވަރެއްގެ ގޮލައެއްގެ އަތަށްދީގެން، ސުލައިމާނު ސަރުދާރު ގޮޅިގޮޅިއަށް ބަހަމުން ހިނގަނީއެވެ. ސުލައިމާނު ސަރުދާރު ގެންގުޅޭ ޅަސޮރުންނަކީ ސިފައިންނެއް ނޫނެވެ. އެއީ އޭނާކޮންމެވެސް ގޮތަކުން ދޫނިދޫގައި ގެންގުޅޭ ޅަފުރައިގެ ކުޑަކުދިންނެވެ.
އެކުދިންނާއޭނާ ސަމާސާކޮށް މަޖާނަގާތަން ބައެއްފަހަރު ފެނެއެވެ. އަޅުގަނޑަށް އެމަންޒަރު ގިނައިން ފެނެއެވެ. ހެދުނުސަޔަށް މިގޮޅިތަކުގައި ދެނީ، އެއްރިހަ އާއި ތިންރޮއްޓެވެ. އެއް ބޯތަށި ކަޅުސަޔެވެ. ގެންނާނީ ހެނދުނު، 7 ޖެހީމައެވެ. މެންދުރު ކެއުންބަހާނީ، 11 ޖެހީމައެވެ. އެއްބަތް އެއްރިހައެވެ. އާންމުކޮށް ގިނައިން ހުންނާނީ، ކިރުގަރުދިޔައެވެ.
ހަވީރުސައި ބަހާނީ، 3 ޖެހީމައެވެ. އެއްކަޅުސައި، 4 ކުރީމްކޭކަރު ބިސްކޯދު ދެއެވެ. ރޭގަނޑުކެއުން ބަހާނީ އިރުއޮއްސި، 7 ޖެހީމައެވެ. އެއްބަތް އެއްރިހައެވެ. ގިނަރޭރޭ ހުންނާނީ ގަރުދިޔައެވެ. އެއްމަސްބުރި އާއި އެއްފިޔާކޮޅައި އެއްމިރުހާއި އެއްލިބޯކޮޅު ބުނެފިއްޔާ ދޭނެއެވެ. ކައިނިމި ހަމަޖެހިލާއި އިޝާނަމާދު ކޮށްގެން އިށީނދެލައިގެން އިންދާބަލާ އަތުވެއްޖެއެވެ. ނެރެގެން ގެންދިޔައީ ތަހުގީގުކުރާ ތަނަށެވެ.
އާދެ! މިއީ، 27 ޑިސެންބަރ 1990 ވީބުރާސްފަތި ދުވަހުރޭ، 9:30 އެހާކަންހާއިރެވެ. މިބުރުގައި ޖަލުބަންދުގައި އިންނަތާ، 5 ވަނަ ދުވަހެވެ. ތަހުގީގުޓީމުގައި އެންމެން ހަމައަށް ތިއްބެވިއެވެ. އިސްކޮށް އިންނެވީ ޝަކޫރެވެ. ކައިރީގައި ހުރިމޭޒެއްގެ މަތީގައި ބިޑިތައް އަތުރާފައި ފެންނަން ހުއްޓެވެ. އިސްކޮށް ސުވާލުތައްކޮށް ނަގާކިޔަނީ، މުހަންމަދު އިބްރާހީމާއި މޯރާތައުފީގެވެ. ވ.ޅަހުއްތުވެސް ދޭތެރެދޭތެރެއިން ބަސްބުނުއްވައެވެ. ފެއްޓެވީ ހަމަކުރީގެ ސުވާލުތަކުންނެވެ.
އިތުރުސުވާލަކަށް މިރޭކުރަންފެށި ސުވާލަކީ، އަލްފާޟިލް މުހަންމަދު ޚަލީލް (މައްކޮ) ގ.އުތުރުގެ މާލެ، އިލްޔާސް ކައިރީގައި މިކަމާގުޅިގެން ދެއްކެވީ ކޮންވާހަކަ ތަކެއްތޯއެވެ؟ އަދި އިލްޔާސް މިކަންތަކާ ގުޅިގެން މައްކޮ އަރިހުގައި ދެއްކެވީކޮން ވާހަކަތަކެއްތޯއެވެ؟ ހަންދުއާއި މައްކޮވަނީ ސަލްޓަން ޕާކްބޮމުގެ ވާހަކަތައް ދައްކާފައެވެ. މައްކޮއާއެކު ދެއްކިވާހަކަތައް ތެދުތެދަށް ކިޔައިދޭށެވެ. އެހެންނޫނީ އަނެއްކާވެސް އަދަބު އިތުރުކުރެވޭނެއެވެ. ދެން، އަޅުގަނޑު ދަންނަވައި ފީމެވެ. ތިޔަވިދާޅުވާ ސަލްޓަންޕާކްގައި ހަންދުގޮއްވާލި ބޮމެއްގެ އެއްވެސް ވާހަކައެއް މައްކޮއާއެކު ދެއްކިފައެއް ނުވާނެއެވެ. އެކަމާގުޅޭ އެއްވެސް ވާހަކައެއް ހިއްސާކޮށްފައެއް ނުވާނެއެވެ.
އަޅުގަނޑަށް އެޚަބަރުލިބުނީ ދޫނިދޫޖަލުގައި ބަންދުވި ފަހުންނެވެ. އޭގެފަހުން މައްކޮއާއި ބައްދަލެއް ނުވެއެވެ. ތިޔަވިދާޅުވާ ވާހަކަ ދައްކާނީ ކިހިނެތްތޯއެވެ! އެކަމާގުޅޭ އެއްވެސް ވާހަކައެއް މައްކޮ އަރިހުގައި ދައްކާފައެއް ނުވާނެއެވެ. ތިޔައީ ހަދަހަދައިގެން މިކަމުގައި ގިނަމީހުން ބައްދަންވެގެން އަޅުގަނޑާ ކުރާސުވާލެކެވެ. ތިޔަސުވާލާ ވިއްދައިގެން އިތުރަށް އަޅުގަނޑު ބުނާނެއެއްވެސް އެއްޗެއް ނެތެވެ. މިގޮތަށް ދެންނެވުމުން ތަހުގީގުޓީމު ވަރަށްރުޅި އަތުވެއްޖެއެވެ.
ވ.ޅަހުއްތު އަޅުގަނޑާ ދިމާއަށް، އަނދަގޮނޑިއަށް ދާންޖެހިދާނެ ކަމަށް އިންޒާރު ދެއްވައިފިއެވެ. އަނދަގޮނޑި ޖެހިޔަސް އަދި ދަންޖެއްސިޔަސް ތިޔަކަމާ ގުޅޭގޮތުން އިތުރަށް ދަންނަވާނެ އެއްވެސް އެއްޗެއްނެތޭ ބުނުމުން ދެންފެއްޓެވި ސުވާލުތަކަކީ، ޑޮކްޓަރ ވަހީދު އަރިހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަޑައިގެން ރައީސްމައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއްނެގުމަށް ދެއްކީކޮންވާހަކަ ތަކެއްތޯއެވެ؟ މިވާހަކަތައް ދެކެވުނުއިރު އަޑުއަހަން ބޮޑުސަރަންފީއެއްގައި އިލްޔާސް އޮންނެވިއެވެ. މިވާހަކަތައް ސާފުކޮށް ކިޔައިދޭށެވެ. އަޅުގަނޑު އަޑަށް ބާރުލާފައި ދަންނަވައި ފީމެވެ.
ތިޔަކަމާގުޅިގެން ވެސް އަޅުގަނޑު ދަންނަވާނެ އިތުރުއެއްވެސް ވާހަކައެއް ނެތެވެ. އަޅުގަނޑުގެ ސިކުނޑީގައި ހުރިހުރިހާ އެއްޗެއް ވާނީއެކިފަހަރު މަތިން ތިޔަބޭފުޅުންނަށް ވަރަށް ތަފްސީލުކޮށް ދަންނަވާފައެވެ. މިހާރު ސިކުނޑި ހުސްވީއެވެ. ތިޔަދެކަމާ ގުޅިގެން އިތުރުއެހެން ވާހަކައެއް އަޅުގަނޑުގެ ބޮލުގައި އޮތް ސިކުނޑިއަކުނެތޭ ދެންނެވުމުން ވަރަށް ކޯފާވެފައި ޝަކޫރު ސުލައިމާނަށް ވިދާޅުވަނީ، އިލްޔާސް އަތުގައި މިހާރުއެއޮތް ބިޑިނަގައި މިތަނުން ބިޑިއެއް އަޅުވާށެވެ.
ދެން މޭޒުމަތީގައި އަތުރާފައިހުރި ބިޑިތަކުގެ ތެރެއިން ފާޑެއްގެ ބިޑިއެއް ސުލައިމާނު ނަގައި އަޅުގަނޑުގެ ދެއަތްއެއްކޮށް ކުރިމައްޗަށް ވާގޮތަށް އެބިޑިއެޅުވުމުގެ މަސައްކަތް ފަށައިފިއެވެ. ޝަކޫރު، ސުލައިމާނަށް އިޝާރަތްކުރެއްވި ބިޑިއަކީ މިބޭފުޅުން ގެންގުޅުއްވާ ބިޑިތަކުގެ ތެރެއިން އެންމެ އަނިޔާބޮޑު ބިޑިއެއް ކަމުގައިވާ އެއްހުޅު ބިޑިއެކެވެ. އަޅުގަނޑު އަތުގައި އަޅުވަން، ސުލޭމާނު ސަރުދާރު މިފަހަރު މިގެންގުޅޭ ބިޑިއަކީ ޑުޕްލިކޭޓް ބިޑިއެކެވެ. އަސްލު އެއްޗެއް ނޫނެވެ.
ވެލްޑިންކޮށްގެން ކުޑަކޮށްފައި ނުވަތަ ބޮޑުކޮށްފައި ހުރިކަމަށް ލަފާކުރެވެއެވެ. ވެލްޑިންގކޮށް ގާނާހަދާފައިހުރި އަސަރުތައް ބިޑިންފެންނަން ހުއްޓެވެ. މިބިޑި އަޅުގަނޑުއަތަށް ވަރަށްބާރެވެ. އެއްހުޅުބިޑިއަކީ ވީހާއަތަށް ބާރުކޮށް އެޅުވުނުވަރަކުން އަޒާބުބޮޑުވާނެ އެއްޗެއްކަން މިބޭފުޅުންނަށް އިނގޭނެތީ ވީހާބާރުކޮށް އެޅުވޭނެބިޑިއެއް އަޅުގަނޑު އަތުގައި އަޅުވަން ނިންމީއެވެ. މިބިޑި އަޅުގަނޑުގެ ދެއަތްއެއްކޮށް ދެއަތުގެކުޑަ ހުޅުކައިރީގައި އަޅުވާލެވުނީ، ސުލައިމާނު ސަރުދާރު ވަރަށްގިނަ މަސައްކަތް ކޮށްގެންނެވެ.
ސުލައިމާނު ހަދާނެއެއްޗެއް ހަދަން އަޅުގަނޑު ދެއަތްދިއްކޮށްގެން މަޑުން ބަލަންހުރީމެވެ. ވަރަށްގިނަ މަސައްކަތުން ސުލައިމާނުގެ ދެއަތުން އަޅުގަނޑުގެ ދެއަތުގެ ހަންގަނޑު ފިއްތައިގެން އެގޮތްމިގޮތް ހަދައިގެން އެބިޑިއަޅުވައި ތަޅުލުމަށްފަހު، ތަޅުދަނޑި އޭނާއަތުގައި ބާއްވައިފިއެވެ. މިއީ އަޅުގަނޑުގެ އަތަށް ވަރަށްބާރު ބިޑިއެކެވެ. އަޅުވާނިމުނު އިރުހީވަނީ އަތުގެ މަސްގަނޑު ތެރެއަށް ވަދެފައި އިންނަ ހެންނެވެ. އެމަސައްކަތް ނިމުމުން ޝަކޫރު ވިދާޅުވީ، އިލްޔާސް ގެންގޮސްގޮޅިއަށް ލާށެވެ.
މިފަހަރު ގެންގޮސްލީ، 21 ނަންބަރު ގޮޅިއަށެވެ. މިއީ މުޅިދޫނިދޫގައި ވެސް ހުންނައެންމެ އެންމެ އަނިޔާބޮޑު ގޮޅިއެވެ. ބަތްކާތައްޓެއް ވަންނަވަރުގެ އާނގައެއް ފިޔަވައި ވައިރޯޅިއެއް ވަންނާނެ އެއްވެސް ތަންކޮޅެއް އެގޮޅީގައި ނެތެވެ. އޭރުއެގޮޅީގައި އަނދަގޮނޑިއެއް ތައްޔާރުކޮށް ބާއްވާފައި އޮތެވެ. ހަންދުއާއި ވިންޓަރު މިހާރުވެސް ގެންގުޅެނީ އަނދަގޮނޑީގައެވެ. އެއްބަސްނުވާ މީހުންއެއްބަސް ކުރުވުމަށް ބޭނުންކުރަނީ، 21 ނަންބަރު ގޮޅިއެވެ. މިއީ ވަށައިގެން ޓިނުޖަހާފައިހުރި، 3 ފޫޓު 6 ފޫޓުގެ ގޮޅިއެކެވެ. ގޮޅިއަށްލާ ތަޅުލުމަށްފަހު، ސުލައިމާނު ސަރުދާރު އަނގައިންވެސް ނުބުނެ ހިނގައްޖެއެވެ.
ގޮޅިތެރޭގައި މިބިޑި އަޅައިގެން އުޅެންވަރަށް އުނދަގުލެވެ. ބަލަބަލާހުއްޓާ ބިޑިއަޅުވާފައި އިންދިމާދުޅަ ވެއްޖެއެވެ. ކޮނޑުހުޅާ ދިމާއަށް މަޑުމަޑުންތަދު އަރާގޮތް ވާންފަށައިފިއެވެ. މިބިޑިބާރުކޮށް އަޅުވާލީމާ ދެއަތުގެ މުލައްދަނޑި އެކުގައި ކުޑަހުޅުން ފެށިގެން، އުޅަބޮއްޓާ ހަމައަށް ހުންނަނީ ޖެހިބާރުވެ، ފިތިފައެވެ. އަޅުގަނޑަށް، ﷲ ދެއްވާފައިވާ މިނިވަންދެއަތް އެއްއަތަށް ބަޔަކުމީހުން މިބަދަލުކޮށް ލީއެވެ. އެމީހުންނަށް، ﷲ ތެދުމަގު ދައްކަވާށިއެވެ! ދެއަތްއެކުގައި ފަށަކާފަށެއް ޖައްސައި ތެތްރޯނުން އޮޅުއަޅާލީމާ އޮންނާނީ މިހެންނެވެ. އެއްވެސް ތަފާތެއް ނުވާނެއެވެ.
މާގިނައިރެއްނުވެ، އިސާހިތަކު މުޅިދެއަތަށް އެކުގައި ތަދުވާން ފަށައިފިއެވެ. ބިޑިއަޅުވާފައި އިންހިސާބު އެކުގައި ނޫފައިގެންފިއެވެ. ކޮނޑުހުޅާ ހަމައަށް އަތުތެރެއިން ލާފައި ތަދު އަރަން ފަށައިފިއެވެ. ސީދޮވެހެދޭނެ ގޮތެއްނެތެވެ. ދެއަތްއެކުގައި އެކުވެފައި އޮންނަ މޮއްގަނޑެއްހެން ގެންގުޅެން ޖެހޭތީއެވެ. ސީދޮންނަން ޖެހެނީ ފެންބާލިދީއެއް ވަރަށް ބަލައިގެން ފެނުން މުޅިންފުރިފާ ހުންނަވަރަށް ވަޅުން ނަގައިގެން އެބާލިދީގެ މަތީގައި ރީތިކޮށް ނީށީނދެ ފޫކޮޅުފެނުގައި ދެތިންހަތަރު ފަހަރު ޖެހޭގޮތަށް ތަޅުވާލައި ހަދައިގެން، ސީދޮވެވުނީ ކަމަށް ނިންމާލަނީއެވެ.
ލައިގެންހުންނަ މުންޑުގަނޑުވެސް ރަނގަޅެއް ނުކުރެވެއެވެ. މިބިޑީގައި ހުރިއިރު ހުންނަންޖެހުނީ ނުތާހިރާނަޖިސް ކޮށެވެ. އިރުއަރާ އަލިކަމެއް ލިބުމުން މިބިޑިރަނގަޅަށް ބަލާލައި އެއާމެދު ފުންކޮށް ވިސްނާއި ބަލާލުމުން، މިއީ މީގެ އަސްލުބިޑި ބަލައިގެން އިންޑިޔާ ނުވަތަ އެތެރެވަރީގެ ކޮންމެވެސް ގައުމަކުން ހަދާފައިއޮތް ޑުޕްލިކޭޓް ބިޑިއެއްކަން ކަށަވަރު ކުރެވުނެވެ. މިބިޑީގައި އަކުރު ކަނޑާނަގައިގެން ލިޔެފައިއޮތީ (HTATT) ހަޓަޓްއާއި ހިސާބުއަކުރުން، 10 އެވެ.
މިއީ އެއްވެސް ގޮތަކަށް އެޖެސްޓުކުރެވޭ ގޮތަށް އޮތްބިޑިއެއް ނޫނެވެ. އެއްހުޅުލާފައި މެދުންދެފަރާތަށް ހުޅުވާލެވޭ ގޮތަށް ދަބަރުކުލައިގާ ކަޅުދަނގަޑަކުން ހަދާފައިވާ ދުވަސްވީ ބިޑިއެކެވެ. އޮންނަނީ ހިސާބުއަކުރުގެ، 8 ހެނެވެ. ތިރީބޮޅުގެ ދަށުގައި މެދަށްވާގޮތަށް ހުޅުވާލެއްޕޭގޮތަށް ހުޅެއްލާފައި މަތީބޮޅުގެ މެދުންބޭރަށް ތަޅުލެވޭގޮތަށް ހަދާފައި އޮތްބިޑިއެކެވެ. ތަޅުލާދިމާއިން މަތިންފޭކޮށް ހުޅުވާލާފައި ދެއަތް ވައްދާފައި ގާތްކޮށްލާއި ތަޅުދަނޑިއަކުން ތަޅުލާގޮތަށް ހަދާފައި އޮތްއެއްޗެކެވެ.
މިބިޑި ހުޅުވަން ފޭކޮށްލީމާ ކޮންމެފަޅިއެއް ހީވާނީ ހިސާބުއަކުރުގެ، 3 ހެނެވެ. ތިނެއްހެން އިންނަދެފަޅި އައިސްޖެހި ތަޅުލެވުނީމާ ހީވާނީ ހިސާބު އަކުރުގެ އަށެއްހެނެވެ. މިބިޑި އަޅުވާލުމަށްފަހު، ގަދަކަމުން ދެއަތުގެ އޮޅަބޮށި ފޭކޮށް ދުރުކޮށްލީމާ ދެއޮޅަބޮށި ދޭތެރޭގައި ގިނަވެގެން ހުންނާނީ، 4 އިންޗިއެވެ. އެއަށްވުރެ ފުޅައެއް ނުކުރެވޭނެއެވެ. އަޅުގަނޑަކީ ބައިމަތިފުޅާ މީހަކަށްވާތީ، އަޅުގަނޑަށް މިބިޑިވެގެން ދިޔައީ ވަރަށް އަނިޔާހުރި އަޒާބަކަށެވެ. ބިރުވެރި އެއްޗަކަށެވެ.
80 ކިލޯގެ ވަރުގަދަކޮށް ހުންނަ، ފަލަމީހަކަށް ވާތީ މިބިޑިގުޑުވާވެސް ނުލެވެއެވެ. އިންނަނީ ހަންގަނޑު ތެރެއަށްވަދެ އަތަށް ބާރުވެފައެވެ. ވަށައިގެން ހުންނަނީ ދުޅަވެފައެވެ. ސީދޮންނަން ފޫކޮޅާހަމައަށް އެކުގައި ބަނދެވިފައި އޮންނަ ދެއަތް ނުގެންދެވެއެވެ. ހަށިގަނޑުގެގިނަ ތަންތާގައި އިނގިލިތަކުން އަތްޖައްސާ ނުލެވެއެވެ. އެއްވެސް ތަނެއްކަހާލާ ހަދައެއް ނޫޅެވެއެވެ. އެއްޗެއް ފޮޅާލައި ނުހެދޭނެއެވެ.
އިތުރަށް ތަދުނުކޮށް ދެއޮޅަބޮށި ދުރުކުރެވީ ގިނަވެގެން، އިނގިއްޔެއް ވަރަށެވެ. އެއަށްވުރެ ދުރުކޮށްލަން އުޅެފިނަމަ ކުޑަހުޅަށާއި ކޮނޑުހުޅަށް ތަދު އަރައެވެ. ވުޟޫއުކުރެވޭނެ ގޮތެއް ނޯވެއެވެ. އަޅުގަނޑު އަންނަނީ ނުތޯޑުވާ މުންޑަށް ވެފައި ސޯރުފޮތިކޮޅެއް ނުގެންގުޅޭތީ މުންޑުގަނޑު މުހެވުނީމާ އުޅެންޖެހެނީ ވަރަށްހާލުގައެވެ. ބައެއްފަހަރު އޮރިޔާމުން ވެސް އުޅެން ޖެހެއެވެ. ރީތިކޮށް މުންޑުއަނދެލާ ގޮށްޖަހާލުމަށް ބިޑިނައްޓާލަދޭތޯ އާދޭސްކޮށް އެދުމުން، ނުނެއްޓޭނެ ކަމަށް ވަގުތުން ޖަވާބުދިނެވެ.
ނެރުނު ފަހަރެއްގައި ޝަކޫރު އަރިހުން އެދުމުންވެސް ދެއްވި ޖަވާބަކީ، “އެޅުވިއްޖެ ބިޑިއެއް، އިއުތިރާފު ނުވަނީސް ނުނެއްޓޭނެއެވެ.” މިހެންނެވެ. ހުކުރު ދުވަހު ފެންވަރުވަން ނައްޓާލަންދެން އުޅެންޖެހުނީ އެހާލުގައެވެ. އެ އަޒާބުގައެވެ. އެއްހުޅުބިޑީގައި ފުރަތަމަރޭ އުޅެންޖެހުނު ގޮތް ދުވަހަކުވެސް މުޅިއުމުރުގައި ވެސް ހަދާނުން ކެހިގެން ނުދާނެއެވެ. ހުކުރު ދުވަހު، 20 މިނެޓަށް ބިޑިނައްޓާ، ބިޑީގައި ތިޔޮލާއި ސާފުކުރިއެވެ. އެއީ ފެންވަރާށާއި ގައިންތާހިރުވާން ދިންވަގުތު ކޮޅެވެ.
ބިޑިސާފުކޮށް ފެންވަރުވަންނެރެ މިހުރިހާކަމެއް ހިންގާ ހަދަނީ، ސުލައިމާނު ސަރުދާރެވެ. މިއީ ވަރަށް އަނިޔާވެރި ޑުޕްލިކޭޓު ބިޑިއަކަށް ވާތީ، އަޅުގަނޑު އަތަށާއި ހަށިގަނޑަށް، މިބިޑިބާރުކޮށް އޮތުމުން ވަރަށް ބޮޑެތި އަނިޔާތައް ލިބުނެވެ. ނައްޓާލި ވަގުތުހީވަނީ ސުވަރުގެއަށް ވަދެވުނު ހެންނެވެ. މިނިވަންކަމާ އެކު އުދުހިގަންނަން ހިތަށްއެރިއެވެ. ފަހެ، މިއީ އިންސާނިއްޔަތާ ޚިލާފުބިޑިއެކެވެ. 24 ގަޑިއިރު ތެރޭގައި މިކަން ރަނގަޅަށް ތަޖުރިބާ ކުރެވިއްޖެއެވެ. މިބިޑިއަށް އަޅުގަނދުދިން ނަމަކީ، “އޮޅުއަޅާ ބިޑި” އެވެ. އާންމުކޮށް ކިޔާްު ޅެނީ އެއްހުޅުބިޑި އެވެ.
އާދެ! މިރެއަކީ ހުކުރުވިލޭރެއެވެ. މާދަމާއަކީ ހުކުރު ދުވަހެވެ. މިރޭ އިރުއަރަންދެން ތަހުގީގުކުރިޔަށް ގެންދިޔައެވެ. ދެތިންހަތަރު ފަހަރުގޮޅިން ނެރެގެން ތަހުގީގުމޭޒަށް ގެންދިޔައެވެ. މުޅިން ވެސްކުރަނީ އެއްސުވާލު ތަކެކެވެ. އުޅެނީ ނަފްސާނީގޮތުން ބަލިކޮށްލައިގެން އެބޭފުޅުން ބޭނުންވާ ގޮތަށް ބަޔާނެއް ނެގޭތޯއެވެ. ބޮޑަށް ބަލަމުން ގެންދިޔައީ މާލޭންބަޔަކު ބަންދުކުރެވޭނެ ބަހެއް އަޅުގަނޑުގެ އަނގައިން ނެރެވޭތޯއެވެ. ޚާއްސަކޮށް ޑޮކްޓަރ ވަހީދު ތާށިކުރެވޭ ގޮތަށް ބަޔާނެއް ނެގޭތޯވަރަށް މަސައްކަތް ކުރިއެވެ.
މިވެރިންގެ ވާހަކަތަކުން، އަލްފާޟިލް އަލީއަބްދުﷲ މ.ޔާގޫތުގެ މާލެ އާއި އަލްފާޟިލް މަސްއޫދުއާލަމް މ.ލަކުސްލީން މާލެ ހައްޔަރު ކުރެވުނުކަން ސާފުވިއެވެ. މއ.ސިލްވަރސީން އަލްފާޟިލް އަލީވަހީދު ހަސަން އާއި އަލްފާޟިލް ނައުޝާދު ވަހީދު ހަސަން އާއި އަލްފާޟިލް މުހަންމަދު ޚަލީލު (މައްކޮ) ގ.އުތުރުގެ މާލެ ވެސް ދޫނިދޫއަށް ގެނެވިއްޖެކަން ސާފުވެއްޖެއެވެ. ޑޮކްޓަރ ވަހީދާވެސް މާލޭގައި ސުވާލުތަކެއް ކުރެވޭކަން މިބޭފުޅުންގެ ވާހަކަތަކުން އޮޅުންފިލިއެވެ.
މިބޭފުޅުންގެ އަމާޒަކީ ޑޮކްޓަރ ވަހީދު ދޫނިދޫޖަލަށް ގެނައުމެވެ. އެހެނަސް އަޅުގަނޑުގެ އިއުތިރާފު ބަޔާނެއް ނުލިބިގެން އެކަން ނުކުރެވިގެން އުޅޭކަންވެސް ސާފުވެއްޖެއެވެ. ފަހުން އެނގުނު ގޮތުގައި ޑޮކްޓަރ ވަހީދު ގެންގޮސް ވަރަށް ދަންވަންދެން އެރޭސިފައިންގޭގައި ބޭންދެވިއެވެ. ސިފައިންގެ އޮފިސަރެއް ކަމުގައިވާ، އަލްފާޟިލް ހަސަންޝާކިރު ޑޮކްޓަރ ވަހީދުއާ ގިނަސުވާލު ތަކެއްކޮށް ހެއްދެވިއެވެ. އަދި އެރޭވަގުތުން ޑޮކްޓަރ ވަހީދު ދޫކޮށްލުމަށް ދުނިޔޭގެ އެތަން މިތަނުން ސިފައިނަށާއި ސަރުކާރުގެ ބައެއް އޮފީސްތަކަށް ފެކްސް މެސެޖްތައް ލިބުނުކަން އެނގުނެވެ.
އާދެ! އަނެއްދުވަހަކީ ޔޫނެއްގެ ޖޮބަކަށް، ޑޮކްޓަރ ވަހީދު ފުރާވަޑައި ގަންނަވަން ހަމަޖެހިފައިވާ ދުވަހަށް ވާތީ ހިންގާލިކަންތައް ގަނޑަކަށްވެއެވެ. މިރޭ އަޅުގަނޑާ ކުރެވުނު ސުވާލުތަކުގައި ބޮޑަށްބާރު އަޅަމުން ގެންދިޔައީ، ޖަވާހިރުވާދީއަށް ވަދެއުޅޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދައްކަމުން ގެންދިޔަ ވާހަކަތައް އޮޅުންފިލުވުމުގެ މައްޗަށެވެ. ތަކުރާރުކޮށް އެގޮތްމިގޮތަށް ސުވާލުކޮށްގެން އެއްބަސް ކުރުވޭތޯ އެމީހުން މަސައްކަތްކޮށް ބެއްޔެވެ. ތަފާތުގޮތްގޮތަށް ތަފާތުމީހުންނާ ބެހޭގޮތުން ސުވާލުކުރިއެވެ.
އަނދަގޮނޑިއަށް ގެންދާނެކަމުގެ އިންޒާރުދީ ބިރުދެއްކިއެވެ. ޑޮކްޓަރ ވަހީދާއި މަޖިލީހުގެ މެންބަރުން ދައްކަވާ ވާހަކަތަކުގެ ބަޔާނެއްހޯދަން ކުރެވެންއޮތް ހުރިހާކަމެއް މިބޭފުޅުން ކުރަމުން ގެންދިޔައެވެ. ވ.ޅަހުއްތު ވަރަށްގޮތްގޮތަށް ވާހަކަ ދެއްކެވިއެވެ. މަލާމަތްކޮށް ޒާތީގޮތުން ދިމާކުރާގޮތަށް ވާހަކަތައް ދެއްކެވިއެވެ. އަޅުގަނޑުގެ ބައްޕައަށް މަލާމާތްކޮށް ޖެއްސުމުގެރާގަށް ވާހަކަ ދެއްކެވިއެވެ. އިލްޔާސްމެން ބޮޑުކުރީ ބޮޑުސްޓޯރުން ނެގިފައިސާއިން ކަމަށް ވ.ޅަހުއްތު ބުނުއްވިއެވެ.
އަދިވެސް ވ.ޅަހުއްތު އަޅުގަނޑާ ދިމާއަށް ބުނުއްވިއެވެ. ޖަވާހިރުވާދީ އަޅާފައިއެހެރީ ސަރުކާރުގެ ފައިސާއިންނެވެ. ދައުލަތުގެ ޚަޒާނާ ދަވާލައިގެންނެވެ. އަދި ޖަވާހިރުވާދީ ދެކުނުފަރާތުގެ ފެންޑާގައި ގޮނޑިތައް އަތުރާފައި ހުންނަނީ މިހެންނޭކިޔާފައި އަޅުގަނޑަށް އެމީހުން އުފެއްދި ޗާޓެއް ދެއްކިއެވެ. މިއީ އެމީހުން ކުރަހާފައިވާ ޗާޓެކެވެ. އުނދޯލި ދައްކާފައި އުނދޯލިކާރީގައި ހުރި ބޮޑުސަރަންފީ ދައްކާފައި ބުނުއްވަނީ، އިލްޔާސް މިސަރަންފީގައި އޮއްވާ މަޖިލީހުގެ މެންބަރުން ޑޮކްޓަރ ވަހީދު އަރިހުގައި ޖަލްސާތައް ކުރަމުން ގެންދަނީ މިތަނުގައެވެ.
މިގޮތަށް ޖަވާހިރުވާދީ ތެރޭގައި ހިންގޭ ޖަލްސާތަކުގައި ދައްކަމުން ގެންދަނީ ކޮންވާހަކަ ތަކެއްހެއްޔެވެ؟ ބުނެދޭށެވެ! މިފާދަށް އިންޒާރުދީ ބިރުދެއްކިއެވެ. ދެންއޮތީ ތިޔަބިޑިއާ އެކު އަނދަގޮނޑިޔަށް ލާޗޭނުޖެހުން ކަމުގައި ބުނަމުން އިރުއިރުކޮޅާ ބިރުދައްކައެވެ. އަވަހަށް ޖަވާބުދޭށެވެ. ބުނެއެވެ! ޖަވާހިރުވާދި ޗާޓަށް އިޝާރާތްކޮށް ވިދާޅުވަނީ، މިތާގައި ރައީސް މައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއްނަގަން ވާހަކަދެކެވޭކަން މިތަނަށް އެނގިފައި ވެއެވެ. ކެނބިނެޓްވެސް ރާވާހަދާކަން އެނގިފައިވެއެވެ.
އަދި ސިފައިން ކުށްވެރިންނަށް، ގައިދީންނަށް އަނިޔާކުރާ ވާހަކަވެސް ދެކެވޭކަންވަނީ އެނގިފައެވެ. އަދި ކުށްވެރިންގެ ނިޔަފަތި ސިފައިން އުފުރާ ވާހަކަ ވެސް ދެކެވޭކަން މިތަނަށް ވަނީ އެނގިފައެވެ. މިވާހަކަތައް ޖަވާހިރުވާދީ ތެރޭގައި ހިންގާ ސިއްރު ޖަލްސާ ތަކުގައި ދެކެވޭކަން އެންމެރަނގަޅަށް އެނގޭނީ އިލްޔާސަށެވެ. ކުށްވެރިންގެ ހައްގުގައި މަޖިލީހަށް ބިލެއްލުމަށް ވާހަކަ ދެކެވިފައި ވެއެވެ. އެއީ ކޮންކަމެއް ހެއްޔެވެ؟ އަވަހަށް ކިޔައިދޭށެވެ. ބުނެދޭށެވެ. އޭރުން މިކަންތައް ނިންމާލެވުނީއެވެ.
އިލްޔާސަށް ލިބެމުންދާ އަނިޔާތަށް ނިމުނީއެވެ. ބިޑިނައްޓާލައިގެން ދާންވީއެވެ. މިވާހަކަތައް ވ.ޅަހުއްތު ދައްކަވަމުން ގެންދިޔައިރު، ތާހާވަހީދު ވެސް ވަރަށް ރުޅިވެރި ކަމާއެކު، އެކިވާހަކަތައް ދައްކަވަމުން ގެންދިޔައެވެ. އޭނައަށް ވެސް ކިޔުނުއެއްޗެއް ގެންދަނީ އަޅުގަނޑާ ދިމާއަށް ކިޔަމުންނެވެ. ހުތުރުކޮށް ބަވަމުންނެވެ. ވާހަކަ ދައްކަވާއިރު އަނގައިން ބަނގުރާވަސްގަނޑު އަރައެވެ. ތާހާ ބުނުއްވިއެވެ! އިލްޔާސްގެ ފޮޓޯ ރައްޔިތު މީހުންގެ ތެރެއަށް ނެރެ ބަދުނާމުވެސް ކުރާނަމެވެ.
މީހުންގެ ތެރޭގައި މަގުހިންގާނަމޭ ވެސް ބުނުއްވިއެވެ. މިސުވާލުތަކަށް އަޅުގަނޑު ޖަވާބުދޭން ޖެހުމުން، އެއްވެސް އެއްޗެއް ނޭނގޭކަމަށް ދެންނެވުމުން ވަރަށް ރުޅިގަދަކޮށް ލާފައި އަނެއްކާވެސް ފޮނުވާލީ ގޮޅިއަށެވެ. ބިޑިއާއެކު، ގެންގޮސްލީ އަނިޔާވެރި، 21 ނަންބަރު ގޮޅިއަށެވެ. މިރޭ ހަންދުމެން އިރުއިތުކޮޅާނެރެ ސުވާލުކޮށް ވަރަށް އަނިޔާކުރިކަން އެނގުނެވެ. މިމީހުން ނެރެނީ އަޅުގަނޑު ގޮޅީގައި ހުންނަ ވަގުތެވެ.
ގޮޅީގައި އަޅުގަނޑު އަޅާފައިހުރި ލޯވަޅުން ހަންދުމެން ނެރޭތަން އަޅުގަނޑު ބަލަމެވެ. ގޮޅިއަށް ވައްދަން ގެންދާތަން ވެސް ފެނެއެވެ. ހުންނަނީ އެއްހުޅުބިޑި އަޅުވާފައެވެ. ހަންދު އިންނަނީ، އަޅުގަނޑު ލާފައި ހުންނަ ގޮޅިއާވަރަށް ކާރިގޮޅިއެއްގައި ކަމުން، އޭނާ ވާހަކަ ދައްކާއަޑާއި ޖަހާފައި އޮންނަ ޗޭނުގަނޑުގެ އަޑު ބައެއްފަހަރު އިވެއެވެ. ބައެއްފަހަރު ހަންދުގޮޅީގައި އަނދަގޮނޑީގައި ބައިންދައިގެން ސުވާލުކުރާހެން ވެސް ހީވެއެވެ. އިރުއިރު ކޮޅުކޮޅާ ގޮޅީގައި އަޅާފައިހުރި ލޯވަޅުތަކުން ބޭރުބަލަމުން ގެންދަމެވެ.
މާލޭން އަލަށްގެނައި މަސްއޫދުމެން މައްކޮމެން ނެރެވައްދާ ހަދާތަން ވެސް ފެނެއެވެ. 28 ޑިސެންބަރ 1990 ވީހުކުރު ދުވަސް އެކުގައި ދިޔައީ ގޮޅީގައެވެ. މުޅި އުމުރުގައިވެސް ދިމާވި އެންމެ ބިރުވެރި، އަނިޔާވެރި ރެއަކަށް މިހާތަނަށް ތަޖްރިބާ ކުރެވިފައި ވަނީ މިރެއެވެ. އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އަރިހުގައި ކިޔޮޅުކަމު ގޮސް، ބ.އަތޮޅު ދޮރުކަނޑު ފަޅުމަތީގައި ކަނޑުވެފައި ވެހޭހާ ވާރޭގައާއި ޖަހާހާގުގުރިއާއި ވިދާހާވިދުވަރު ތެރޭގައި ތިބެންޖެހުނު ރެއަށްވުރެ ވެސް ސިފައިންދެއްކި މިރޭގެ އަޒާބުތައް މާއަސަރު ގަދައެވެ. ބިރުވެރިއެވެ.
29 ޑިސެންބަރ 1990 ވީހޮނިހިރު ދުވަހުހަވީރު އިރުއޮއްސެން ކާރިވެފައިވަނިކޮށް ގޮޅިންނެރެގެން ތަހުގީގަށް ގެންދިޔައެވެ. މިހާރުމިވާގޮތަކީ، ދޫނިދޫއަށް ތަހުގީގުޓީމުއަޔަސް އަދި ބޭރުގައި އެހެންކަމެއް ހިންގިޔަސް އަދި ކޮމިޝަނަރ އާދަންޒާހިރު މެންފަދަ ބޭފުޅަކު ދޫނިދޫއަށް ވަޑައިގެންނެވިޔަސް އެހިސާބަށް އަރައިފި މީހަކުވިއްޔާ އަޅުގަނޑަށް އޮޅުންފިލައެވެ. ދޫނިދޫ އެސަރަހައްދުގައި ހިނގާހުރިހާ ކަންތަކެއް އަޅުގަނޑަށް ރަނގަޅަށް އެނގެއެވެ. އަޅުގަނޑުގެ ރާޑަރަށް އަރައެވެ. އަބަދުހެން އިރުއިރުކޮޅާ ގޮޅީގެޓިނުބިތް ތަކުގައި އެކިއެކިއޭންގަލަށް ދުރުމިއަޅާލެވޭ ގޮތަށް އަޅުގަނޑު އަޅާފައިހުރި ލޯވަޅުތަކުން ބަލަމެވެ. މޮނިޓަރކުރަމުން ގެންދަމެވެ.
އެހެންވެ ދޫނިދޫގެ އެސަރަހައްދުގައި ވާނުވާ އެނގެނީއެވެ. މިއަދު ތަހުގީގުޓީމު އައިކަންވެސް ތަހުގީގަށް މީހުންނެރޭ ކަންވެސް އަޅުގަނޑަށް އެނގެއެވެ. އަޅުގަނޑު ގޮޅިންނެރެގެން ތަހުގީގުމޭޒު ކާރިޔަށް ގެންދިޔައިރު އިސްކޮށް އިންނެވީ އަބްދުއްޝަކޫރެވެ. އަދި އެހެން އޮފިސަރުން ވެސް ތިއްބެވިއެވެ. މިއަދު ވަރަށްގިނަ ވާހަކަތައް އެންމެންވެގެން ދެއްކިއެވެ. އެކިގޮތްގޮތަށް ދިމާކޮށް ހެދިއެވެ. އަޅުގަނޑަށް މަލާމަތްކޮށް ހެދިއެވެ.
ކިޔަވަން އުޅުނުއިރު “ޖެނެރަލް އިލްޔާސް” އޭކިޔައިގެން އުޅުނީ، ސިފައިންގޭގެ ވެރިކަން ލިބޭނެކަމަށް ހީކޮށްގެންހޭ ކިޔާފަވެސް ތާހާއާއި ވ.ޅަހުއްތު މަލާމަތް ކުރައްވާއި ދިމާކުރެއްވިއެވެ. މަލާމާތުގެ ބައިވަރި ބަސްތައް ބޭނުން ކުރައްވައި ހެއްދެވިއެވެ. ކުރިޔަށްއޮތް ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވަރަށް ކުރާހިތްވޭތޯއޭ ކިޔައިގެން ވ.ޅަހުއްތު ވަރަށް މަލާމަތްކޮށް އެއްޗެހި ކިޔާ ހެއްދެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ﷲގެ އިރާދަފުޅުން ތިޔަކަހަލަ މަގާމަކަށް އާދެވިއްޖެނަމަ ތިޔަބޭފުޅުންނަށް ވުރެ އިންސާފުކޮށް ހުރިހާކަމެއްވެސް ގެންދާނެކަމުގެ ޔަގީންކަން މިހާރުވެސް އެބައޮތެވެ.
ޔުނިވަރ ސިޓީތެރޭގައި ހުރިހާ ކުދިންވެސް އަޅުގަނޑަށް ގޮވަން ބޭނުންކުރަނީ، ޖެނެރަލް އިލްޔާސެވެ. އެއީ އަބަދުވެސް އެކުދިންގެ ކަންކަމުގައި އެކުދިންލީޑްކޮށް ދޭތީއާއި ޔުނިވަރސިޓީގެ ސްކައުޓް ލީޑަރަކަށް އަޅުގަނޑު ހުރީމާ އެކުދިން ކިޔާއުޅޭ ގޮތެވެ. އެގޮތުން އެނަން ހަރުވީއެވެ. ތިޔަބޭފުޅުންނަށް އަސަރުކުރިޔަސް ކުރާނެކަމެއް ނެތެވެ. މަދީނާ ޔުނިވަރ ސިޓީތެރޭގައި ސަތޭކައެތައް ގައުމެއްގެ ކިޔަވާކުދިން އަޅުގަނޑަށް ކިޔާއުޅުނީ އެގޮތަށް އެނަމުންނެވެ. މިހާރުވެސް އޭރުގެ ބައެއްކުދިން ފެނުމުން އެގޮތަށް މިޚާޠަބުކޮށް “ޖެނެރަލް އިލްޔާސް” އޭ ގޮވާއި ހަދާނެއެވެ.
ދެން އެއަށް ފަހު އަޅުގަނޑު ގިނައިން ދެއްކީ، އަޅުވާފައި މިއޮތްބިޑީގެ އަނިޔާގެ ބޮޑުވާހަކައެވެ. ފާޚާނާއަށް ދާންވީމާ ނެރޭލެއް ލަސްކަމުގެ ވާހަކައާއި މިބިޑީގައި އޮންނައިރު ރަނގަޅަށް ތާހިރުނުވެވޭ ވާހަކަ ތަހުގީގުގައި ދެއްކީމެވެ. މުންޑުގަނޑަށް ދެކަމުދާތަކެތީގެ އަސަރުކޮށް މުޅިމުންޑުން ނަޖިހުގެ ވަސް އަރާވާހަކަ ވެސް ބުނީމެވެ. މިހާރުވެސް ނުބައިވަހަކަށް އެދުވަނީ މުންޑުންދުވާވަހޭ ދެންނެވީމެވެ. ގިނަފަހަރު ހީސްލާން ޖެހެނީ، މުންޑުންބައެއް ފަހަރުވާއިން ތެމޭގޮތަށެވެ. އެގޮތަށް އޮވެ ހިކުމުން ހީސިވަސް ދުވަނީއެވެ.
ބަނދެފައި އޮންނަ ދެއަތުން ރީތިކޮށް މުންޑުގަނޑު ހިފާއްޓާ ނުލެވެނީއެވެ. ވަސްނުބައި ވެގެންމިއުޅެނީ އެހެންވެގެންނޭ ދެންނެވީމެވެ. ތިބޭފުޅުންނަށް ކުނިހީސިވަސް ނުދުވާތޯއެވެ؟ އިންސާނުން މިފަދަ އަނިޔާގައި ބައިތިއްބައިގެން ނުވާނެކަމުގައި ދެންނެވީމެވެ. 27 ވަނަދުވަހާއި، 28 ވަނަދުވަހު ވުޟޫއުކޮށްލަން ނެރެދޭށޭއެދުނީމާ ގޮޅިން ނުނެރުނު ވާހަކަވެސް ދަންނަވައި ފީމެވެ.
މިހުރިހާ ވާހަކަތަކެއް ގޮވާލާ ނިމިގެން، ވ.ޅަހުއްތާ ދިމާއަށް ވުޟޫއުކޮށްލާއި ނަމާދުކޮށްލުމަށް ޓަކައި ތާހިރުވާން ބޭނުމޭ ދެންނެވީމާ ނުލަފާ ގޮތަކަށް ވިދާޅުވީ، “އެޅުވިއްޖެ ބިޑިއެއް އިއުތިރާފު ނުވަނީސް ނެއްޓޭކަށް ނޯންނާނެއެވެ.” މިހެންނެވެ. ނަމާދުކުރިޔަސް ނުކުރިޔަސް އެޅުވިއްޖެ ބިޑިއެއް ތަހުގީގު ނުނިމެނީސް ނެއްޓޭކަށް ނޯންނާނެއެވެ. ނަމާދަކީ، ހުރިހާ ހާލަތެއް ގައިވެސް ކުރެވޭނެކަމެކޭ ބޭނުމިއްޔާ ކުރާށޭ ވިދާޅުވެފައި އަޅުގަނޑުގެ ކުރިމަތީގައި އޭނާ ގޮސް އެރީ، ދޫނިދޫގައިހުރި މިސްކިތަށެވެ. އަޅުގަނޑު ބޭންދީ މިސްކިއް ފެންނަން ހުރި ހިސާބެއްގައި އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެއްގައެވެ.
މިކަންމިގޮތަށް ކުރީވެސް އަޅުގަނޑަށް އަސަރުކުރުވަން ވެގެންކަން އަޅުގަނޑަށް އެނގުނެވެ. މިގޮނޑީގައި، 15 ވަރަކަށް މިނެޓް ބޭންދުމަށް ފަހު، ސުލައިމާނު ސަރުދާރު އައިސް، އަޅުގަނޑު ގެންގޮސް ގޮޅިއަށްލާ އަނެއްކާވެސް ބަންދުކޮށް ތަޅުލައިފިއެވެ. ގޮޅީތެރޭގައި ތައްޔާރުކޮށްފައި އޮތްއަނދަގޮނޑީގައި ޗޭނުގަނޑެއް ތަޅުއަޅުވާފައި އޮއްވާ ފެނިއްޖެއެވެ. އަޅގަނޑު ހިތައްއެރީ މިރޭ މިއުޅެނީ، ބިޑިއާއެކު އަނދަގޮނޑި ޖަހާއި ޗޭނުޖަހާށެވެ. ދެން އަނެއްކާވެސް ނެރުނީ، ދެގަޑިއެއްހާ އިރުފަހުންނެވެ. އޭރު އިޝާނަމާދު ނިމި ކާންދީ ހަދާ ނިމިއްޖެއެވެ.
ތަހުގީގު މޭޒުދޮށަށް ގެނެސް އެމީހުންގެ ކުރިމަތީގައި ބައިންދައިފިއެވެ. ފުރަތަމަވެސް ވާހަކަދެއްކެވީ ޝަކޫރެވެ. ވިދާޅުވީ އަވަހަށް އެއްބަސްވާށެވެ. ޑޮކްޓަރ ވަހީދު އަރިހުގައި މަޖިލީހުގެ މެންބަރުން ޖަވާހިރުވާދީއަށް ވަދެދައްކަވަނީ ކޮންވާހަކަތަކެއް ހެއްޔެވެ؟ ސަލްޓަންޕާކްގައި ގޮއްވާލި ގެވެށިބޮން ގޮއްވާލިކަން އިލްޔާސަށް އެނގޭނެއެވެ. ހަންދުއެވާހަކަ އިލްޔާސަށް ކިޔައިދިންގޮތަށް މިތާނގައި ކިޔައިދޭށެވެ. އެހެންނޫނީ ދެންދާންޖެހޭނީ އަނދަގޮނޑިއަށެވެ. އިލްޔާސް ކޮއްކޮ ހަންދުވެސްއޮތީ އަނދަގޮނޑީގައެވެ. އިލްޔާސަށް އެކަންއެނގޭނެއެވެ.
އަނދަގޮނޑިޖެހުން:
ހަންދުބުނަނީ، އޭނާ އިލްޔާސް ކައިރީގައި ހުއްޓާ އިލްޔާސްގެ އެހެންކޮއްކޮއެއް އެތަނަށްއައިސް އިލްޔާސްގާތުގައި އެވާހަކަބުނެފައި ވާނެކަމަށެވެ. އަވަހަށް މިގޮތަށް އެއްބަސްވާށެވެ. އެހެންނޫނީ، ގޮޅިޔަށް އަނދަގޮނޑިއަށް ދާންވީއެވެ. އަޅުގަނޑު އިތުރުއެއްޗެއް ނުބުނުމުން ސުލައިމާނަށް ޝަކޫރުއެންގެވީ، މީނާގެންގޮސް އަނދަގޮނޑި ޖަހާށެވެ. ދެން އަޅުގަނޑު ގެންގޮސް އަތުގައިއޮތް ބިޑިއާއެކު އަނދަގޮނޑި ޖަހަމުން ދިޔައިރު ސުލައިމާނު ސަރުދާރާ ވަރަށް ގިނަވާހަކަތައް އަޅުގަނޑު ދެއްކީމެވެ.
އަޅުގަނޑު ބުނީމެވެ! ﷲ ގަންދީހުވާކޮށްފައި މިދަންނަވަނީ އެއިންކަމެއް އަޅުގަނޑަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އަޅުގަނޑަށް އެނގޭކަމެއް ނަމަކިޔައި ނުދޭންވީ ކީއްވެގެންހޭ ސުލައިމާނު ގާތުގައި އެތައްފަހަރަކު އާދޭސްކޮށް ބުނެދީފީމެވެ. ސުލައިމާނު ސަރުދާރު ފުށުން ހަމްދަރުދީ ފާޑުފެނުނެވެ. އޭނައަކީ އަބަދުވެސް އަޅުގަނޑަސް ބަލާ މީހެކެވެ. ސުލައިމާނުގޮސް ޝަކޫރުއަރިހުގައި މިވާހަކަ ބުނެދީގެން މިއަނިޔާއިން އަޅުގަނޑު ސަލާމާތްކޮށް ދިނުމަށް ސުލައިމާނު ގާތުގައި، އޭނާ އަޅުގަނޑު އަނދަގޮނޑި ޖަހަމުން ގެންދިޔައިރު އެތައް އާދޭހެއް ކުރީމެވެ.
ސުލައިމާނު އަނގައިން އެއްވެސް އެއްޗެއް ނުބުނެ، އެމަސައްކަތް ކުރިޔަށް ދެންދިޔައީއެވެ. އެހެނަސްހުރީ ވަރަށް މަޑުމައި ތިރިކޮށެވެ. ދެރަވެފައެވެ. މަޑުމައިތިރި ވެފައެވެ. އަޅުގަނޑު ފައިތަންތަނުގައި އަނދަގޮނޑިޖަހަން ވެގެންހިފާހެދީ ވަރަށް އަދަބުވެރި ކޮށެވެ. މިހާލުގައި ބާއްވާފައި މީނާ އަޅުގަނޑުގެ އަތުގައިއޮތް ބިޑިއާއެކު އަނދަގޮނޑި ޖަހާފައި ޗޭނުގައި އަތްވެސްނުލާ ގޮޅިންނުކުމެގެން ހިނގައްޖެއެވެ. މިވަގުތުކޮޅު އަޅުގަނޑުގެ ހިތަށްވަރަށް ގިނައަސަރުތައް ކުރިއެވެ. އޭތި މީތި ހަނދާނަށް ގެނެވުނެވެ. މިމީހުންގެ އަނިޔާވެރިކަން ހިތަށް ގެނެވުނެވެ.
ހަންދުއާއި ހުރިހާކޮއްކޮމެންގެ މަތިންވަރަށް ހަދާންވެ އެމީހުން ތިބޭނެގޮތާއި ހާލަތު ހިތަށްގެނެސް ސިފަކުރެވުނެވެ. ހަންދުއޮތީ ޖެހިގެންހުރި ގޮޅިއެއްގައި އަނދަގޮނޑީގައި ޗޭނުޖަހާ ވާންކޮށްފައިކަން އަޅުގަނޑަށް އެނގެއެވެ. އެހާލަތުގައި އަބަދިވެސް އިންނަން ޖެހޭނީ ގުދަށެވެ. ބައެއްފަހަރު އޭނާގެ އަޑުވެސް އިވެއެވެ. އިބުރޭ، ބިގޭ، އަލީ “އަލީރަޝީދު ހުސައިން” ވެސް މިގޮޅިތަކުގައި ވާކަން އަޅުގަނޑަށް އެނގޭތީ ވަރަށް އަސަރުކުރިއެވެ.
މިވިސްނުން ގަނޑުގައި އިރުގަނޑަކު އޮތުމަށްފަހު ހިތަށްފިނިކަމެއް އައުމުން ގުރުއާނުން ހިތުދަސް ސޫރަތްތައް ތަކުރާރުކޮށް ކިޔެވުމާއި ތަހުގީގުކުރަން ތިއްބެވި، ޝަކޫރު މެންގެހިތަށް ފިނިކަމެއް ވައްދަވާއި އަނދަގޮނޑީގެ އަނިޔާއިން އަޅުގަނޑު ސަލާމަތްކޮށް ދިނުމަށް މިބޭފުޅުންގެހިތަށް ވައްދަވާދެއްވާތޯ، ﷲއަށް ދުޢާ ދަންނަވަން އެހާލުގައި އޮއްވާ ސުލައިމާނު ސަރުދާރު ދުރުވެ ގޮޅިހުޅުވި އަޑުއިވިއްޖެއެވެ. ފުރަތަމަވެސް އަލުގަނޑު ހިތަށްއެރީ އިރާދަކުރެއްވިއްޔާ މިއަނިޔާއިން، ﷲ އަޅުގަނޑު ސަލާމަތް ކުރައްވާނެ ގަޑިޖެހުނީ ކަމަށެވެ.
ގޮޅިއަށް ސުލައިމާނު ސަރުދާރުވަދެ އަނދަގޮނޑިން އަޅުގަނޑު ނަގައިގެން ތަހުގީގުމޭޒުދޮށަށް އަޅުގަނޑު ގެންގޮސް އެމީހުންގެ ކުރިމަތީގައި އަޅުގަނޑު ބައިންދައި ފިއެވެ. އޭރުއެރޭ ގަޑިން ފަތިހު ތިނެއްޖަހާ ބޮޑުވެދާނެއެވެ. ލަފާކުރެވޭ ގޮތުގައި މެންދަމުން އަލިވެ، ހަތަރަކަށްވުރެ ބޮޑުވެދާނެއެވެ. ފުރަތަމަވެސް ވާހަކަދެއްކެވީ ޝަކޫރެވެ. އިލްޔާސް ބުނަނީ ކީކޭތޯއެވެ؟ ތެދުހަދާފައި ތިޔައަދަބުން އަވަހަށް ސަލާމާތް ވާންވީއެވެ. މިކަހަލަ ވާހަކަތަކެއް ވ.ޅަހުއްތާއި މޯރާތައުފީގާއި މުހަންމަދު އިބްރާހީމްވެސް ވަރަށްދިކުކޮށް ދައްކައިފިއެވެ.
މިފަހަރު މިދެއްކިވާހަކަތަކާ ގުޅިގެން، އަޅުގަނޑުގެ ހިތްތިރިވެ ކޮންމެވެސް ވަރަކަށް އެއްބަސްވާންވީއޭ، އޭރުންހަންދުއާއި ކޮއްކޮމެންނަށް ދެމުންގެންދާ އަނިޔާތަކަށް ލުއިވެދާނޭ ހިތަށްއަރަން ފަށައިފިއެވެ. އަދި އަޅުގަނޑާއި އަންނި މީގެތެރެއަށް ވަދެގެންނޫނީ މިތަހުގީގު ހުއްޓާނުލާނެއޭ ހިތަށް ވަދެއްޖެއެވެ. އަޅުގަނޑުމެން ދެމީހުން މީގެތެރެއަށް މިވަންނަންޖެހެނީ ދޮގުހަދައި ގެންނެވެ. ނޭންގޭކަމެއް އިނގޭކަމެއްކަމަށް ހަދައިގެންނެވެ. ކަންމިހެން އޮތަސް މިމީހުން މިބުނާގޮތަށް އެއްބަސް ވުމަށް އަޅުގަނޑުގެ ހިތްބުނާން ފަށައިފިއެވެ.
ހަންދުމެންގެ ތަހުގީގުވެސް ފަސޭހައިން ނިންމާއި އިތުރުއަނިޔާތައް ހުއްޓޭނީ، އަޅުގަނޑު މިކަމަށް އާއެކޭބުނެގެންކަން އަޅުގަނޑަށް ވިސްނިއްޖެއެވެ. ﷲއަށް ޝުކުރުކޮށް، ނޭންގޭކަމެއް އެނގޭކަމަށް ހަދައިގެން މީގެތެރެއަށް ވަނުމަށް އަޒުމްކަނޑައަޅައި ނިންމައިފީމެވެ. ވިސްނާލަން އިރުކޮޅަކު އިންނަންފެށީމާ، މޯރާތައުފީގާއި މުހަންމަދު އިބްރާހީމާއި ވ.ޅަހުއްތާއި ތިންމީހުންވެގެން ސަލްޓަންޕާކްގައި ގޮއްވާލިބޮން، ގޮއްވާލިކަން އަޅުގަނޑަށް އެނގެން ދިމާވިގޮތް ކިޔައިދޭން ފަށައިފިއެވެ. އަޅުގަނޑު ހުއްޓުންއަރާފައި މިއިންނަނީ، އެއްބަސްވާން ކިޔައިދޭނެ ގޮތެއްނޭނގި ގެންނެވެ. ދޮގުހަދަންޖެހޭތީ ކިޔާނެއެއްޗެއް ނޭންގިގެންނެވެ.
މޯރާ ތައުފީގު ކިޔައިދިނީ މިހެންނެވެ. އިލްޔާސްގެ ކޮއްކޮއިއްސޭ، ހަންދުކައިރީގައި މިގޮތަށް ބުނެދީފައިވާކަމަށް ހަންދުއެބަ ކިޔައިދެއެވެ. ހަންދުގޭގައި އިންދާ އެއްރެއަކު، އިސްސޭ އައިސް ހުއްޓިފައި ސަރަންފީތަކާ ދިމާއަށް ފެންޑާއަށް ނުކުންނަން ހުންނަބޮޑު ދޮރުކަނީގައި ލެގިލައިގެންހުރެ، އިލްޔާސް އެވަގުތު ސަރަންފީގައި އޮންނަވަނިކޮށް، އިލްޔާސްކާރީގައި އިއްސޭބުނަނީ، ސަލްޓަންޕާކްގައި ހަންދުމެންބޮމެއް ގޮއްވާލި ވާހަކައެވެ.
އިއްސޭ މިހެންބުނީ، އިލްޔާސަށް އަޑުއިވޭވަރަށެވެ. މޯރާ ތައުފީގުމެން މިގޮތަށް އިއްސޭބޮލުގައި އަޅުވައިގެން މިސްޓޯރީ ކިޔައިދޭން ފެށީމާ، އަޅުގަނޑު ހިތަށްއެރީ އަޅުގަނޑަށް މިކަންއެނގުނީ މިގޮތަށް އިއްސޭގެ ފަރާތުންކަމަށް އަވަހަށް އެއްބަސް ވާންވީއެވެ. މިބޭފުޅުންގެ ފަރާތުން ސްޓޯރީއެއްވެސް އެނގުނީތާއެވެ. އަދި މިގޮތަށް ހަންދު އެއްބަސް ވާކަންވެސް މޯރާތައުފީގު މެންގެ ފަރާތުން އެނގުނީއެވެ.
މިއީ އެއްބަސްވާން މޮޅުގޮތެއްކަމަށް އަޅުގަނޑުގެ ހިތަށްވަދެ، ގަބޫލުކުރެވުނުލެއް ބޮޑުކަމުން، އެމީހުން ކިޔައިދެއްވި ގޮތަށް އަޅުގަނޑު އެއްބަސްވަމޭ މޯރާތައުފީގު މެންނަށް ދަންނަވައިފީމެވެ. އާދޭހެވެ! ތިޔައީ ތެދެކޭދެ ތިންފަހަރު ރަކުރާރުކޮށް ދަންނަވައިފީމެވެ. ހަންދު އަޅުގަނޑު ކައިރީގައި އިށީދެގެން އިންނަނިކޮށް އިއްސޭ މިވާހަކަ އަޅުގަނޑަށް ކިޔައިދިންކަމަށް އެއްބަސް ވުމުން، މިބޭފުޅުން ވަރަށްއުފާވެ ހިތްހަމަ ޖެހިއްޖެކަން އެބޭފުޅުންގެ މޫނުތަކުން ފެނިގެން ދިޔައެވެ.
އޭރަކު އިއްސޭވަނީ ފިލައިގެން އެމެރުކާއަށް ނައްޓާލާފައި ކަމެއް ނޭނގެ އެވެ އިއްސޭ މާލޭން ފުރައިގެން ނައްޓާލައިފިކަން އެނގުނީ މާފަހުންނެވެ. އޭނާވަނީ އެދިޔަގޮތަށް ގޮސް އެމެރިކާއިން ސިޔާސީ ހިމާޔަތް ހޯދާފައެވެ. މިކަންތައްގަނޑުން ސަލާމަތްވީ އޭނާ އެކަންޏެވެ. އާދެ، މުޅިންއެހެން މައުހޯލަކަށް ތަހުގީގުކުރުން ބަދަލުވެއްޖެއެވެ. މިބޭފުޅުން ހެއްދެވި އުކުޅު، އަޅުގަނޑަށް ފަހުން އޮޅުންފިލައި ސާފުވިއެވެ. އަޅުގަނޑު ކައިރީގައި ބުނަމުން ގެންދިޔައީ އިއްސޭވެސް މިތާނގައި ދޫނިދޫޖަލުގައި ބަންދުކޮށްފައި އެބަހުރިކަމަށެވެ.
ސަލްޓަންޕާކުގައި ގޮއްވާލި ގެވެށިބޮން ގޮއްވާލިކަން އެނގޭކަމަށް އެއްބަސްވުން:
އިއްސޭގެ ބަޔާންވެސް އަޅުގަނޑަށް މޯރާތައުފީގު ދައްކާހެދިއެވެ. އެހެނަސް އިއްސޭއަކީ މިބުރުގައި ހައްޔަރު ކުރެވުނު މީހެއްނޫނެވެ. ޖަވާހިރުވާދީ ރޭޑްކޮށް ހުރިހާކޮއްކޮމެން ނެގިފަހުން އަޅުގަނޑަށް ގެއަށްދެވިފައިވާތީ އިއްސޭވަނީ އޭރުއެމެރިކާއަށް ފުރައިގެން ގޮސްފައިކަން އެނގެއެވެ. ޖަވާހިރުވާދީއަށް ސިފައިންވަނުމުގެ އެއްދުވަސްކުރިން އިއްސޭވަނީ ފުރާފައެވެ. އެހެނަސް މޯރާމެން ބުނަމުން ގެންދިޔައީ މިހާރުވަނީ އޭނާ ބޭރުގައި ހުއްޓާ އަތުލައިގަނެގެން ގެނެސް ބަންދުގައި ކަމަށެވެ. އަޅުގަނޑަށް އިއްސޭ ނުގެނެވޭކަން ޔަގީންވީވަރަށް ފަހުންނެވެ.
އޭނާގެނެވޭތޯ އާދަންޒާހިރު ލަންކާގައި ހުންނައެމެރިކާ އެންބަސީއަށް ވަޑައިގެންނެވި ކަމުގެ ޚަބަރު ފަހުން ލިބުނެވެ. އެހެނަސް އެމްބަސީން ދެންނެވީ، އިއްސޭއަކީ ކުށްވެރިއެއް ނޫންކަމަށެވެ. އޭނާއަކީ ރާއްޖޭގައި ޒަމާނީ ޑިމޮކްރަސީ ގެންނާށާއި ރާއްޖޭގެ ސިޔާސީ އިސްލާހަށް މަސައްކަތް ކުރިމީހެއް ކަމަށެވެ. އޭނާގެކުށެއް ހާމަކޮށް އެނގޭގޮތަށް ތިޔަ މައްސަލަ ގެނެސްދޭށެވެ. އިއްސޭއަކީ އެމެރިކާއިން ސިޔާސީ ހިމާޔަތް ދިންފުރަތަމަ ދިވެހިމީހާއެވެ.
ކޮންމެއަކަސް ތަހުގީގުކުރުމުގައި މޯރާމެން ހެއްދެވިގޮތަކީ، އިއްސޭ ރަށުގައިނެތް މީހާގެބޮލުގައި މިކަންއަޅުވާފައި ހަންދު އެއްބަސް ކުރުވުމަށް ފަހު، އަޅުގަނޑުވެސް ގަދަކަމުން އެގޮތަށް އެއްބަސްކޮށް ލުވީއެވެ. ފަހުން އެނގުނު ގޮތުގައި ހަންދުކައިރީގައި ބުނެފައިއޮތީ އިލްޔާސް މިގޮތަށް ހަންދުއެތާގައި އިންދާ، އިއްސޭ އައިސް އިލްޔާސް ކައިރީގައި ބުނިކަމަށް އަޅގަނޑު އެއްބަސްވެފައި ވާކަމަށެވެ. ހަންދު ދޮގު ހަދަންއުޅޭނެ ކަމެއްނެތޭ އިލްޔާސްވަނީ މިގޮތަށް އެއްބަސްވެފައޭ ހަންދުކައިރީގައި ބުނެގެން އޭނާގެ އެއްބަސްވުން ހޯދައިގެން އެއަށްފަހު އަޅުގަނޑު ނެރެގެން، އަޅުގަނޑުގެ އެއްބަސްވުން ހޯދީއެވެ.
މޯރާމެންގެ ރޭވުންހުރިގޮތަކީ މިއެވެ. މޯރާމެންގެ އޮޅުވާލުން މޮޅުކަމުން ހަންދުލައްވާ ފުރަތަމަ އެއްބަސް ކުރުވީ، އަޅުގަނޑު އެއްބަސް ވެއްޖެއޭ ކިޔާފައެވެ. އޭރުއަޅުގަނޑަށް އެއްގޮތަކަށްވެސް ވާނުވާއެއް ނޭނގެއެވެ. ސަންޓަންޕާކްގެ މިކަޓޫރަބޮން ގޮއްވާލިފަހުން އަޅުގަނޑަށް ގެއަށްދެވުނީ، އިލްޔާސް ސަޓޯގެ ކެސެޓްރޯލް މައްސަލައިގެ ބަންދުން ދޫކޮށް މަންތިރި މައްސަލައިގައި ޖަލަށްލުމާ ދޭތެރޭގައެވެ. އޭރުއޮތީ ސަލްޓަންޕާކްގައި ކަޓޫރަބޮން ގޮއްވާލާފައެވެ. އޭރު އިއްސޭ މާލޭގައި ހުންނާނެއެވެ. އެހެނަސް މޯރާއެބުނާ ދުވަސް ވަރެއްގައި އިއްސޭ އެވާހަކަ ބުނެފައެއް ނޯންނާނެއެވެ. އެއީ މުޅިން ދޮގެކެވެ.
މިދެބަންދުގެ ދޭތެރޭގައި ޖަވާހިރުވާދީ ތެރެއިން އަޅުގަނޑާ އިއްސޭއާ ދިމާވެ މިފަދަވާހަކައެއް އެއްވެސް ހާލެއްގައި ދައްކާފައެއް ނޯންނާނެއެވެ. އެއްބަސް ވުމަށްޓަކައި ކަނޑައެޅިގެން އަޅުގަނޑު މިހެދީ ސާފުދޮގެކެވެ. އެހެނަސް މޯރާމެންނަށް މިގޮތްކަމު ހިނގައްޖެއެވެ. އަޅުގަނޑުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ބަޔަކުހިންގިކަން ނާންގާސިއްރު ކުރިކަމުގެ ހުކުމް އިއްވޭނެކަމުގެ ޔަގީންކަން ލިބުމުން ތަހުގީގު އެހިސާބުން ނިންމާލެއްވީއެވެ.
ޑޮކްޓަރ ވަހީދުގެ ބަޔަކާ ދެނެއް ނޫޅެއެވެ. ކިހާރަނގަޅު ނޫންތޯއެވެ! މިގޮތަށް އެއްބަސްވި ފަހުންވެސް ވަރަށްގިނަ ވާހަކަތައް ތަހުގީގު މޭޒުދޮށުގައި ދެކެވުނެވެ. އަތުގައި އަޅުވާފައި މިއޮތް އެއްހުޅިބިޑީގެ އަނިޔާތަކުގެ ވާހަކަދެއްކީމެވެ. ދެއަތްދުޅަވެ ކޮނޑުހުޅަށް ތަދުވާކަމަށް ވެސްބުނީމެވެ. މިހާރު އަޅުގަނޑު ދައްކާހުރިހާ ވާހަކަތަކެއް ވެސް ބަރާބަރަށް އެބޭފުޅުން އަޑު އައްސަވައެވެ. ތަހުގީގުބޭފުޅުން ތިއްބަވަނީ ހިނިއައިސްފައެވެ. ވަރަށް މަޖާވެފައެވެ. އަޅުގަނޑުގެ މައްޗަށްޖަލުގެ ބޮޑުހުކުމެއް އިއްވާލެވޭގޮތް ވީމައެވެ.
އާދެ! ހަގީގަތުގައިވެސް އެއްހުޅުބިޑިއަކީ ވަރަށް އަނިޔާބޮޑު ބިޑިއެކެވެ. މިބިޑިން އަޅުގަނޑަށް ވަރަށްއަނިޔާ ލިބުނެވެ. މުޅި އުމުރަށްވެސް އެއަނިޔާތަކުގެ އަސަރު ހުންނާނެކަން ޔަގީނެވެ. ފަހުން އެނގުނުގޮތުގައި މިރޭއަޅުގަނޑު އެއްބަސްވުމުން، 30 ވަނަދުވަހު ހަންދު އަނދަގޮނޑިން ނަގައި ހަމައެކަނި ބިޑިއަށް ބަދަލުކޮށް ފިއެވެ. އިތުރަށް މިރޭގެތަހުގީގުގައި އަޅުގަނޑު ދެންނެވީމެވެ! މިބިޑިއަކީ އިންސާނުން އެއްގޮތަކަށް ވެސް އަޅުވާޒާތުގެ ބިޑިއެއްނޫނެވެ. މިއީ ޖާހިލިއްޔަ ޒަމާނުގެ ޖާހިލީ އެއްޗެކެވެ. މިހެން ދެންނެވީމާ ވ.ޅަހުއްތު ބުނުއްވީ، ތިޔައީ ތިނެއް ނޮވެންބަރުގައި އިންޑިޔާސިފައިން ބާޣީންގެ އަތުގައި އެޅުވިބިޑިތަކުން ބިޑިއެކެވެ. ދެން އަޅުގަނޑު ދަންނަވައިފީމެވެ! މިރޭމިއެއްބަސް ވެވުނީއެވެ.
މިމައްސަލައިގެ ތެރެއަށް އަޅުގަނޑަށް ވެސް މިވަދެވެވުނީއެވެ. ޖަލުގެދިގު ހުކުމެއް އަންނާނެކަން ޔަގީންވީއެވެ. މިހެންދެންނެވީމާ، ތަހުގީގުގައި ތިއްބެވި އެންމެންވެސް ވަރަށް ހިނިތުން ވެއްޖެއެވެ. އެކަމާ އިތުރުބަހެއް ވިދާޅެއްނުވެއެވެ. އަޅުގަނޑަށް އެރޭގެ އެދަންވަރުގައި ކޮފީބޯންދޭން މަސައްކަތް ކުރެއްވިއެވެ. އެހެނަސް ކޮފީބޯން އަޅުގަނޑު ބޭނުމެއްނުވިއެވެ. ދެންގެންގޮސްލީ ހަމަހުރިގޮޅިއަށެވެ. އެއްހުޅުބިޑި އޮތްގޮތަށް އަތުގައި އަޅުވާފައިއޮތެވެ. އެހެނަސް އަނދަގޮނޑީގެ އަޒާބުން މިންޖުވީއެވެ. ﷲއަށް ޙަމްދުހުއްޓެވެ! ގޮޅިއަށް ގޮސްއޮވެގެން ވަރަށްގިނަ އިހްސާސްތައް ކުރެވުނެވެ.
ގޮޅީގައި އިރުކޮޅެއް ނުވެއުޅެނިކޮށް ފަތިސްނަމާދު ވަގުތުޖެހިއްޖެއެވެ. ދެން ނަމާދުކޮށްގެން، ﷲއަށް ވަރަށްގިނަދުޢާ ދަންނަވައި ކެތްތެރިކަން ދެއްވުންއެދި ދެންނެވީމެވެ. ދިގުމުއްދަތަކަށް ޖަލުގައި ހުންނައިރު، ﷲ ގެހިޔާވަހި ކަމުގައި ބެހެއްޓެވުމަށާއި ކެތްތެރިކަމުގައި އަބަދުވެސް ބެހެއްޓެވުމަށް ދެންނެވީމެވެ! މިހިސާބުން މީންދުވަހަކު ގެއަށް ނުގެންދާނެކަމަށް މުޅިން ނިންމައިފީމެވެ. ޖަލުގައި ހައެއްކައަހަރު އޮންނަންޖެހޭނެ ކަމަށް ތައްޔާރު ވެއްޖައީމެވެ. ރާއްޖޭގެ ފުރަތަމަ ޓެރަރިސްޓުންނަށް ހެދީއެވެ.
30 ޑިސެންބަރ 1990 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 8 ވަނަދުވަހެވެ. މިއީ ހިތްހަމަޖެހުމެއް ލިބުނުދުވަހެކެވެ. މެންދުރެއްހާއިރު ގޮޅިންނެރުނެވެ. ސުލައިމާނު ސަރުދާރު ދުރުވެގޮޅިހުޅުވާއި ބިޑިނައްޓާލުމަށްފަހު ބުނުއްވީ، ފެންވަރާސާފުވެ ވުޟޫއުކޮށް ނަމާދުކޮށް ހަމަޖެހިލާ ހަދާށެވެ. ބިޑިދެން އެޅުވޭނީ ބައިގަޑިއިރު ފަހުންކަމުގައި އެންގިއެވެ. ދެން ފެންވެރުމަށްޓަކައި އަޅުގަނޑު ގެންގޮސް ވެއްދީ، ވަގުތީގޮތުން ހަދާފައިހުރި ގިފިއްޔަށެވެ.
ދަތްއުނގުޅާއި ފެންވަރަމުން ދިޔައިރު، އަޅުގަނޑަށް އިހްސާސް ކުރެވެމުން ދިޔައެއްޗަކީ މިފުރުސަތު މިދިނީ، އިއްޔެއަޅުގަނޑު ތަހުގީގުގައިދެއްކި ވާހަކަތަކުގެ އަސަރުކޮށް ގެންނާއި ތަހުގީގުން އެންމެބޮޑަށް ބޭނުންވިކަންތަކާ އެއްބަސްވުމާ ގުޅިގެންނެވެ. ކޮންމެއަކަސް މިފުރުސަތުގައި ވަރަށްގިނައިރު ވަންދެންގަޔަށް ފެންއަޅާއި ދެތިންހަތަރުފަހަރު މުޅިގައިގާ ސައިބޯނިލައިގެން ރަނގަޅަށް ފެންވަރާލައި ފީމެވެ. ފެންވެރުމަށް ސުލައިމާނުދިނީ، ބައިބަޔަށް ބުރިކޮށްފައިއޮތް، ހަތަރެސްކަންހަމަވާ ކުޑަކުޑަ ސައިބޯނި ކޮޅެކެވެ. އެސައިބޯނިކޮޅު، ފެންވަރާ ނިމިގެން މުންޑުގައި ކާއްތާލުމުން އެކުގައި ހުސްވެއްޖެއެވެ.
ފެންވަރާ ނިމުމާއެކު ގެންގޮސް ގޮޅިއަށްލާ ބަންދުކޮށް ފިއެވެ. 30 މިނެޓް ހަމަވިތަނާހެން ސުލައިމާނު ދުރުވެ ހަމައެބިޑި ސާފުކޮށް ހެދުމަށްފަހު އަޅުގަނޑުގެ ދެއަތްއެއްކޮށް ބޮޑީގެ ތެރެއަށް ލުމަށް ފަހު ތަޅުއަޅުވައި ފިއެވެ. މީހާރު އެބިޑިއަށް ހޭނިފައި ހުރުމުންނާއި ތަންކޮޅެއް ހިކިފައި ހުރުމުން ފުރަތަމަފަހަރު އެޅުވިއިރު ވީހާތަދެއް ނުވެއެވެ. ހަންގަޑު ފިތޭގޮތެއް ވެސް ނުވެއެވެ. ބިޑިއޮތީތިޔޮ ޖަހާހަދައި ވަރަށްސާފުކޮށެވެ. މުޅިން އާކޮށްލާފައެވެ. އެހެނަސް އޮތީދަބަރުގެ ކަޅުކުލައިގަ އެވެ. ބިޑިއަށްބަދަލު ވުމުގެކުރިން ސުންނަތް ނަމާދު ތަކެއްކޮށް، ﷲ އަށްދުޢާދަންނަވައި ހަމަޖެހިލައިގެން އިނދެ، އިރުކޮޅަކު ގުރުއާން ކިޔަވާލެވުނެވެ. މިއީވަރަށް ހިތްހަމަޖެހުނު ހިނދުކޮޅެކެވެ. ﷲއަށް ފަށްފަށުން ޝުކުރުވެރި ވީމެވެ. ދެން އާދައިގެ މަތިންގޮޅީގައި އިނީއެވެ.
31 ޑިސެންބަރ 1990 ވީހޯމަދުވަސް ޖަލުގައި ހުންނަތާ، 9 ދުވަސްވީއެވެ. ހަވީރުގެވަގުތެއްގައި ތަހުގީގަށް ނެރުނެވެ. މައިގަނޑު ބޮޑެތި ހުރިހާކަމަކަށް އެއްބަސް ވެވިފައިވާތީ، ތަންކޮޅެއް ހަމައިގާތިބެގެން ވާހަކަތައް ދެކެވުނެވެ. އިއްޔެގޮޅިންނެރެ ފެންވަރުވާ ހެދިކަމާއި މިވާހަކަތައް ތަހުގީގަށް ކިޔައިދިނީމެވެ. މިއަދު އަބްދުއްޝަކޫރު ހިތްހަމަޖެހިފައި އިންނެވިވަރުން، ދުނިޔޭގެ ސިޔާސީ މަސްރަހުން ބައެއްވާހަކަތައް ދައްކާލައްވާއި އަޅުގަނޑާ ހިއްސާކޮށް ލެއްވިއެވެ.
އިރުގަނޑަކު އަނގަތަޅާލުމަށް ފަހު، އެތާގައިހުރި ސުލައިމާނު ސަރުދާރުގެ އެހީތެރިއަކަށް އުޅުއްވާ، ފިރާގުކިޔާ ތަންކޮޅެއް ކަޅުވަރުގެ ބޭފުޅަކަށް ޝަކޫރު ގޮވާލައްވައި އިލްޔާސް އަތުގައި މިއޮތްބިޑި ބަދަލުކުރާށޭ ވިދާޅުވެއްޖެއެވެ. މިދަންނަވާ ފިރާގަކީއޭރު ލާންސްކޯޕްރަލެކެވެ. ޝަކޫރު އެހެންވިދާޅު ވުމާއެކު، ފިރާގުވަރަށް އަވަހަށް އަޅުގަނޑު އަތުގައި އަޅުވާފައި އޮތްބިޑި އެހެން ބިޑިއަކަށް ބަދަލުކޮށްފިއެވެ. ދެންވެސްއެޅުވީ، އެއްހުޅު ބިޑިއެކެވެ.
ކީސްބިޑިއަށް ބަދަލުކުރުން:
މިއީ އިނގިރޭސިވިލާތުގެ ކުންފުންޏަކުން ހަދާފައިވާ އޮރިޖިނަލް ބިޑިއެކެވެ. ފުރަތަމަފަހަރަށް ޕްލާސްޓިކް ކޮތަޅުން ކަނޑާލީ ވެސް އަޅުގަނޑުގެ ކުރިމަތީގައެވެ. މިބިޑި ހަދާފައިއޮތީ ބޭނުންވާ ވަރަކަށް އެޖެސްޓް ކުރެވޭ ގޮތަށެވެ. އުފެއްދި ކުންފުންޏެއްކަމަށް ބިޑީގައި ލިޔެފައިއޮތީ، ހިއަޓް (HIATT) މިހެންނެވެ. މިބިޑިއޮތީ ދެބޮޅުގެމެދަށް ދަނގަޑުބައެއް ލާފައި އެދެބައި ގުޅުވަން ހުޅުލާފައެވެ. ދެއަތްދެއަތަށް ރީތިކޮށް ތެޅުވޭގޮތަށެވެ. ބޭނުންވާ ގޮތަކަށް ދެއަތް އަނބުރާލެވޭ ގޮތަށެވެ. ދެބޮޅުވަކިން ހުޅުވާލެވޭ ގޮތަށެވެ.
ކޮންމެބޮޅެއް ވެސް އަތްވެއްދުމަށް ފަހު، ދެއަތްވަކިން އެޖެސްޓް ކުރެވޭގޮތަށެވެ. އަތްލައްވާބައި އަތުގެފަލަމިނަށް ބޭންދޭގޮތަށެވެ. އެކިވަރުގެ އަތަށް އެޖެސްޓް ކުރެވޭގޮތަށެވެ. ބިޑިއަޅުވާއިރު އަޅުވާމީހާ ބައިންދާ ވަރަށްވުރެ ބޮޑެއް ނުކުރެވެއެވެ. އިތުރަށް ބިޑިއާކުޅެ ފިއްތާހަދައިފިއްޔާ ހައްތާވެސް އެތެރެއަށް ވަދެއަތްފިތޭލެއް ބޮޑުވެއެވެ. އެހެންވެ އެޅުވުމަށް ފަހު މިބިޑިއާ މާބޮޑަށް ކުޅެހަދައި ފިއްޔާ ލަނޑު ލިބޭނެއެވެ. ދެބޮޅަށްވެސް ވައްދާބައިގައި ހުންނަނީ، ކީހެއްހެން ފުށްކަނޑާފައެވެ. ބިޑިން ތަނެއްގައިތަޅާ އެއާކުޅެ، ފިއްތާ ހަދައިފިއްޔާ އެތެރެއަށް ވަދެބާރުވާ ގޮތަށެވެ.
ފަހަރަކުފިތެއް އެތެރެއަށް ވަންނަމުން ގޮސް ފިތިބާރުވަމުން ދާގޮތަށެވެ. މިބިޑިއަށް ޖަލުތެރޭގައި ކުޔާއުޅެނީ، ކީސްބިޑިއެވެ. ނުބައިގޮތްގޮތަށް އެބިޑިއާކުޅެ އުޅޭމީހުންގެއަތް މިބިޑިން ކަނޑައިގެން ގޮސްފައި އެބަހުއްޓެވެ. މިބިޑިއަކީ އެއާނުކުޅެ އެޅުވި މިންގަނޑެއްގައި ރީތިކޮށް ބާއްވަންޖެހޭ ބިޑިއެކެވެ. މިބިޑިން ރީތިކޮށްސީދޮވެ، ވުޟޫއުކޮށް ބައެއްއިތުރު ހަރަކާތްތައް ފަސޭހައިން ކޮށްހެދެއެވެ. އެއްވެސް އިތުރުޖިސްމާނީ އުނދަގުލެއް ނުވަތަ ސިއްހީގެއްލުމެއް މިބިޑިން ނުފޯރައެވެ.
ދެއަތްދުޅަވެ ކޮނޑުހުޅަށް އަރާތަދު އެއްގޮތަކަށްވެސް ނާރައެވެ. އެއްވެސް ކަހަލަ އިތުރު އަނިޔާއެއް ބޭރުފުށަށާއި އެތެރެފުށަށް ނުލިބެއެވެ. އެހެނަސް ކުރީގެ ޑުޕްލިކޭޓު އެއްހުޅު ބިޑިން ލިބެމުންދިޔަ ހުރިހާ އުނދަގޫތަކެއް މިބިޑިންވެސް ވެއެވެ. އަލަށްއެޅުވި މިބިޑީގައި ދެދުވަހެއްވުމުން އޮރިޖިނަލްބިޑިއާއި ޑުޕްލިކޭޓު، ޖާހިލީޒަމާނުގެ ބިޑިއާހުރިފަރަގު ރީއްޗަށް އިހްސާސްކޮށް ތަޖުރިބާ ކުރެވިއްޖެއެވެ. އަލަށް މިއެޅުވި، ދެއަތްދެމެދުގައި ހުޅުލީ ކީސްބިޑީގައި ލިޔެފައި އިން ނަންބަރަކީ، 040253 މިއެވެ.
މިފަދަ މައުލޫމާތުތައް މޮހޮރުން އެކިއެއްޗެހީގައި ލިޔެފައި ބަހައްޓަނީއެވެ. މުހަންމަދު ޚަލީލް މައްކޮއާއި ލަކްސްލީން މަސްޢޫދު އިމާދު އާއި އަލީވަހީދު ހަސަން އާއި ނައުޝާދުވަހީދު އާއި މިބޭފުޅުން ތަހުގީގަށް ގެންދަނިކޮށް އަޅުގަނޑާ، މިއަދުދިމާވިއެވެ. ވާހަކަދެކެވޭގޮތެއް ނުވިއެވެ. އިޝާރާތްކޮށް ލެވުނެވެ. އޭގެތަންކޮޅެއް ފަހުން ހަންދުވެސް ނެރެގެން އުޅެނިކޮށް މިއަދުދުށީމެވެ. ހަންދުހުރީ އެއްހުޅުބިޑި އަޅުވާފައެވެ. އެހެންކޮއްކޮއަކު އެއްގޮތަކަށް ވެސް ނުފެނެއެވެ. އެމީހުންނަށް ހަދާނުހަދާއެއް ނޭނގެއެވެ.
އާދެ! މާދަމާއަކީ، 1991 ވަނައަހަރުފެށޭ މުލައަހަރު ދުވަހެވެ. އަންގާރަ ދުވަހެވެ. ޖަލުތެރެއިން ރަސްމީބަންދު ދުވަހެއްކަން ގޮޅީގައި އަޅާފައިހުރި ލޯވަޅުތަކުން ބަލާލުމުން އެނގެއެވެ. ދޫނިދޫއެއްކޮށް އޮތީ ހަމަހިމޭންކޮށް ހުއްޓިފައެވެ. ދިމާއަކަށް ހިނގާލާ މީހަކުވެސް ނުފެނެއެވެ. އާއަހަރަކަށް ހިތުގެއަޑިން ވަރަށްމަރުހަބާ ކިޔާއި ތަހުނިޔާކިޔުން އަމިއްލައަށް ހިތާހިތާބޭއްވީމެވެ. އެކަނިވެރި ހާލަތުގައި މިއީ ކުރަންޖެހޭނެ ކަމެކެވެ.
އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ދޫނިދޫއޮތީ މުޅިންހަމަހިމޭން ވެފައެވެ. އެކުގައި ހުއްޓިފައެވެ. ކުކުޅުހާލާއި ބަކަރިފިޔަވާ އެހެން އެއްޗެއްގެ އަޑެއްބަޑެއް ނީވެއެވެ. މިހާތަނަށް އައިއިރުވެސް ފެންވެރެނީ، ކޮންމެހުކުރު ދުވަކުއެވެ. އަދި ކޮންމެހުކުރު ދުވަހަކު މެންދުރު ކެއުމާއެކު ކޮންމެވެސްފޮނި ކާއެއްޗެއް ދެއެވެ. ގިނައިން ހުންނަނީ، ބޮނޑިބަތް ކޮޅެކެވެ. މަދު ހުކުރެއްގައި ކަސްޓަޑްވެސް ހުރެއެވެ. ކުޑަގޮޅީގެ އާދަތަކުގެ މަތިން ދުވަސްތައް ހޭދަވަމުން، ދުވަސް ގުނަގުނަން ގޮޅީގައި އޮތީއެވެ.
5 ޖެނުއަރީ 1991 ވީހޮނިހިރު ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ގޮޅިންނެރުނެވެ. ތަހުގީގުގައި ތިއްބެވީ، މޯރާތައުފީގާއި ވ.ޅަހުއްތުއެވެ. ވަރަށް ހަރުކަށިކޮށް ވާހަކަތައް އެކިގޮތްގޮތަށް ފުރޮޅަމުން ކުރިޔަށް ގެންދެވިއެވެ. މިއީ މިތަހުގީގުގެ ނިންމާލުންކަން، އަޅުގަނޑަށް ފަހުން އެނގުނެވެ. ގިނައިން ތަކުރާރުކުރެއްވީ ކުރިންވެސް ތަހުގީގުތެރޭގައި ދެކެވިފައިހުރި ވާހަކަތަކެވެ.
ޖަވާހިރުވާދީ ތެރޭގައި ރައީސް މައުމޫނުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނެގުމަށް ދެކެވުނު ވާހަކަތަކާއި މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކާރުކޮޅުގައި ވަޑައި ގަންނަވަނިކޮށް ބާރުގަދަ ސާޅަނގައިގާ ފަސްއޮށްލާފައި އެބޭފުޅުންގެ ކާރުކޮޅާދިމާއަށް ފޮނުވާލުމަށް ވެސް ވާހަކަދެއްކިކަން ތަހުގީގަށް ސާބިތުވެފައި ވާކަމަށް، ވ.ޅަހުއްތާއި މޯރާތައުފީގު އަޅުގަނޑާ ދިމާއަށް ވިދާޅުވިއެވެ.
އަދި ސަރުކާރުގެ ބައެއްމުހިންމު އިމާރާތްތަކަށް ކަނޑުބޯޓު ފަހަރުގައި ހާދިސާއެއް ދިމާވުމުން ސިގްނަލްކުރުމަށް ބޭނުބްކުރާ ފްލަޔަރ ރޯވާގޮތަށް ފޮނުވުމަށްވެސް ވާހަކަދައްކާފައި ވާކަމަށް ވިދާޅުވިއެވެ. މިބާވަތުގެ ފްލަޔަރއެއް ރައީސް މައުމޫނު އުޅުއްވާ ރިޔާސީ ގަނޑުވަރު މުލިއާގެއަށް ފޮނުވުމަށް ވެސްނިންމާފައި ވާކަމަށް ވިދާޅުވިއެވެ. އަދި އެރޭގެ ފަހު ވަގުތެއްގައި އަބްދުއްޝަކޫރާއި މުހަންމަދު އިބްރާހީމާއި މުޅިޓީމުއެކުގައި ތިއްބަވައިގެން އަލުގަނޑު ދެރަކޮށްލާއި ހާރުވާލާބީދައިން ވަރަށްބޮޑަށް ދިމާކޮށް ޖަވާހިރުވާދީ އާއިލާއަށް ނިސްބަތްކޮށް ހަޑިހުތުރުވާހަކަތައް ސީދާކޮށާއި ނުސީދާކޮށް އަޅުގނޑާ ދިމާއަށް ގޮވާހެއްދެވިއެވެ. ލަދުގަންނަވާލައި ދެރެކޮށްލުމުގެ ބޭނުމުގައެވެ.
މިއީއެބޭފުޅުންގެ ލަދުހަޔާތްކުޑަކަމެވެ. ތަހުގީގުގެ ފެންވަރުދަށްކަމެވެ. އަޅުގަނޑު ކެތްކޮށްލައިގެން ބަހެއްނުބުނެ މަޑުންއިނީމާ ވާހަކަތައް މާބާރަށް ކުރިޔަށްދާގޮތެއް ނުވިއެވެ. އަޅުގަނޑުގެ ލޮބުވެތިބައްޕަގެ އަބުރާބެހުނެވެ. އައިލާގެ ކަރާމަތާއި އިއްޒަތާބެހުނެވެ. ބޮޑުއިސްޓޯރުގެ ކޭޝިޔަރަކަށް ލޮބުވެތި ބައްޕައުޅުއްވި އިރު، ސަރުކާރުގެ ފައިސާއިން ކުދިންބޮޑުކުރި ކަމަށްގޮވާ ހެއްދެވިއެވެ. “ޖެނެރަލް އިލްޔާސް” އޭ ކިޔައިގެން ތިޔައުޅެނީ، ޑިފެންސް މިނިސްޓަރުކަން ލިބޭނެކަމަށް ހީކޮށްކަމަށްހޭ ގޮވާހެއްދެވިއެވެ. އަދި އަޅުގަނޑުގެ ފޮޓޯރަށުތެރެއަށް ނެރެބޭޒާރުކޮށް ގަންހިންގާނަމޭ ވެސް ގޮވާހެއްދެވިއެވެ. އަޅުގަނޑު ހަމަކެތްކޮށް ލައިގެން މަޑުންއިނީއެވެ.
އަޅުގަނޑަށް އިހްސާސް ކުރެވެމުންދިޔައީ މިއީ ތަހުގީގުގެ އެންމެފަހު ވަގުތުކޮޅު ކަމަށެވެ. އެންމެމަތީ ގިޔަރުގައި ހުރިވަރެއް އަރުވާލަނީ ކަމަށެވެ. މުޅިތަހުގީގުން ލިބިފައިހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އަޅުގަނޑާދިމާއަށް ރުޅިގަނޑު ބާލާލަނީ ކަމަށެވެ. ހަގީގަތުގައި ހަމަވީވެސް އެހެންނެވެ. އިރުއެރުމުގެ ކުރިން ގެންގޮސް ގޮޅިއަށް ލުމުން މިރޭގެހުރިހާ ވާހަކަތަކަށް ވިސްނާލުމުން އަޅުގަނޑަށް ދޭހަވީއެއްޗަކީ، ތަހުގީގު މިހާހިސާބުން ނިމުމަކަށް އައިސްފިކަން ޔަގީންވުމެވެ. ދެންހަމަ އިތުރުއެއްޗެއް އަޅުގަނޑުގެ ސިކުނޑިން ނުލިބޭނެކަން ކަށަވަރުވުމުން ހުރިހާކަމެއް ނިމުމަކަށް ގެނެސް ނިންމާލަނީ ކަމަށެވެ. ބިޑިއާއެކު ގެންގޮސް ގޮޅިއަށްލީ ފަތިހުހަތަރެއް ޖަހަނިކޮށެވެ. އަނެއްކާވެސް ގޮޅީގެއާދަ ތަކާއެކު ދެމިހުރީއެވެ.
8 ޖެނުއަރީ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަދުވަހެވެ. މިއަދުމެންދުރުފަހު ނެރެގެން ގެންގޮސް، މޯރާތައުފީގު ވަކިން ބައްދަލުކުރީ ވަކިމޭޒެއްގައެވެ. ކުރިމަތީގައި ބައިންދާފައި ބުނުއްވީ މިގެނައީ އިލްޔާސާވަކިން ވާހަކަދައްކާލާއި ކުރިންލިޔެފައިހުރި ރަފްބަޔާން ތަކުގައި ސޮއިކޮށް ލުވާށެވެ. މޯރާތައުފީގު ބުނުއްވިގޮތުގައި އެބަޔާންލިޔުނީ އޭނާއެވެ. އިލްޔާސް، ސަޓޯގެ މަޝްހޫރު ކެސެޓްރޯލާ ބެހޭގޮތުން، ތަހުގީގަށްދޮގު މައުލޫމާތުދިން މައްސަލަ، އަދި ފަހަށްބޭއްވީއެވެ. މިބަޔާނަކީ ހަމައެކަނި ކެސެޓްރޯލް އަޑުއަހާއި މީހުންނަށް ބެހުމުގެ ކަންތަކާބެހޭ ރަފްބަޔާނެވެ.
ތަހުގީގަށް އޮޅުވާލާއި ދޮގުމައުލޫމާތުދިން މައްސަލައިގެ ބަޔާންނެގުން އަދި ފަހުން އޮންނާނެކަމަށް މޯރާތައުފީގު ބުނުއްވައިފިއެވެ. ދެންމިއަދަށް ނިންމާލެއްވީ، ރަފްކޮށްލިޔުނު އެބަޔާނުގައި އަޅުގަނޑުލައްވައި ސޮއިކުރުވާފައެވެ. މިއީ ރަފްބަޔާނެއްކަމަށް ބުނުއްވުމަށްފަހު، މިއަދަށް ނިންމާލައްވައި އަޅުގަނޑުގޮޅިއަށް ފޮނުވާލެއްވީއެވެ. ތަހުގީގުނިމުމުން ބަޔާންތައްލިޔެ އެއްގޮތްކުރުމުގެ މަރްހަލާއަށް ދިޔައީކަމަށް ގަބޫލުކުރެވުނެވެ.
ދެން ގޮޅީގެއާދަތައް ދެމެހެއްޓުމުގައި ދެމިހުރީއެވެ. 21 ނަންބަރު ގޮޅިއަށްވާތީ ވަރަށްއަޒާބު ބޮޑެވެ. ނަރަކަ ހަނދާންވެއެވެ. އެހެނަސް ހިތްވަރު ކޮށްފައި ކެތްކުރަނީއެވެ. ދެންނެރޭފަހަރަކު ގޮޅިބަދަލުކޮށްދޭތޯ އެދޭނަމޭ ހިތުގައިލައިގެން މަޑުންހުރީއެވެ. އެއްވެސް އުނދަގުލެއް ނުކުރަމެވެ. ބައެއްމީހުން ހަދާހެން، ހަޅޭލަވާއި އަޑުގަދަކޮށް ނުހަދަމެވެ. ގޮޅީގައި މަޑުމަޑުން އަޅުކަމުގައި އިންނަނީއެވެ.
10 ޖެނުއަރީ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 19 ވަނަދުވަހެވެ. ހަވީރުގޮޅިން ނެރުނެވެ. ބައްދަލުކުރީ މޯރާތައުފީގެވެ. ވަކިމޭޒެއްގައެވެ. ކުރީދުވަހު ސޮއިކުރުވި ރަފްބަޔާނަށް ދެތަންކޮޅެއް އިތުރުކޮށްލަން ޖެހޭވާހަކަ މޯރާތައުފީގު ވިދާޅުވެއްޖެއެވެ. އަޅުގަނޑު ބޭންދީއޭނާގެ ކުރިމަތީގައި މޭޒުގެއަނެއް ފަރާތުގައެވެ. އެއްތަންކޮޅަކީ، އިސްލާމީ މަރްކަޒުގައި މައްކޮއާއިހަންދު ވާހަކަ ދައްކަން ތިއްބާ އަލްފާޟިލް އައްބާސް އިބްރާހީމް، މ.އެންދެރިމާގެ މާލެ އެތަނަށް ވެންނެވިވާހަކަ އަޅުގަނޑުގާތުގައި މައްކޮބުނެފައި ވާކަމެވެ.
އަނެއްތަންކޮޅަކީ، ލަކްސްލީން މަސްއޫދު ކައިރީގައި، ޑޮކްޓަރ ވަހީދު (ވަހީދުބެ) އަޅުގަނޑަށާއި ހަންދުއާއި އެހެންކުދިންނަށް ނަސޭހަތްދީ ހަދާވާހަކަ ބުނެފައި ވާނެކަމަށެވެ. އަޅުގަނޑު މިދެކަމަށް ވެސް އާދޭހޭ ދެންނެވީމެވެ. މޯރާތައުފީގު ބޮޑަށްބޭނުންވީ ހަންދުމެންކުދިން މިކަންތައްކުރީ، ޑޮކްޓަރ ވަހީދު ދެއްވި ނަސޭހަތަށް ކުރިކަމެއްކަމަށް ހަދާށެވެ. އޭނާއުޅެއުޅެވެސް އެގޮތަށް ބަޔާނުގައި ލިޔުމަށް، އަޅުގަނޑު އެއްބަސްނުވީއެވެ. ދެންލިޔުއްވީ، އަޅުގަނޑު އެއްބަސްވި ގޮތަށެވެ.
ޑޮކްޓަރ ވަހީދަކީ، އަބަދުވެސް އަޅުގަނޑުމެން ހުރިހާ ކުދިންނަށް ވެސް ރަނގަޅަށް އުޅުމަށާއި އަޅުގަނޑު މެންނަށް ރަނގަޅުމަގު ދެއްކުމަށް ނަސޭހަތްތެރިވާ ބޭފުޅެކެވެ. އަދި ހަންދުމެންގެ އުޅުން ހުންނަގޮތުން، އެކުދިންނަށް ރަނގަޅަށް އުޅުމަށް ހުރިހާ އިރެއްގައި ވެސް ނަސޭހަތްތެރިވާ މީހެކެވެ. މަޖީދިއްޔާ ސްކޫލްގެ ޓީޗަރެއްގެ ހައިސިއްޔަތުން ވެސް އަދި ޕްރިންސިޕަލަކަށް ހުންނެވިއިރު އެހައިސިއްޔަތުން ވެސް އަޅުގަނޑުމެން ހުރިހާކުދިންނަށް ނަސޭހަތްތެރި ވެލައްވައެވެ. މިގޮތަށް މިދެޕޮއިންޓް ލިޔަން އަޅުގަނޑު އެއްބަސްވުމުން ވަރަށް އަވަހަށް މިދެތަންކޮޅު ނޯޓްކޮށްލައްވައި ހެއްދެވުމަށްފަހު، ރަފްކޮށް ސޮއިކުރުވާ ލައްވާފައި އަޅުގަނޑު ގޮޅިއަށް ފޮނުވާލެއްވީ ބިޑިއާ އެކުގައެވެ.
މިކަމާގޮޅީގައި އޮވެގެން ވިސްނާލުމުން މިކަމަކީ، އެންމެންގެ ބަޔާންތައްއެއްގޮތް ކޮށްލުމަށާއި އެކަކުއަނެކަކާ ތަހުގީގުގައި ގުޅުންހުރިކަން ވީހާބޮޑަށް ހާމަކޮށްދީ، ދޭހަކޮށް ދިނުމަށް ކުރިކަމެއްކަން އެނގުނެވެ. ގުޅުމެއްނެތް އެތައްބަޔަކު މިގޮތަށްގެނެސް އެއްކަމަކަށް އެކިގޮތްގޮތަށް އެއްބަސް ކުރުވާއިރު ބަޔާންތައް އެއްގޮތްކޮށްލާއި ގުޅުވާލުމުން މިކަމަކީ، ވަރަށްބޮޑަށް ޕްލޭންކޮށް ރާވައިގެން ކޮށްފައިވާ ކަމެއްކަން ބޮޑަށްފާޅުގައި ދެއްކޭނެތީ، ކުރެއްވިކަމެއްކަން އެނގުނެވެ. މުޅި މިކަންތައް އެކުގައި ހަދަން ބޭނުންވަނީ، ޓެރަރިޒަމްގެ ކުށަކަށެވެ.
ދެން އަނެއްކާވެސް ނެރުނީ އިރުއޮއްސެން ކާރިވެފައި ވަނިކޮށެވެ. ދޮޅުގަޑިއެއްހާއިރު ފަހުންނެވެ. އޭރުއޮތީ އިތުރުކުރި ދެތަންކޮޅާއެކު ރީތިކޮށް ބަޔާންލިޔެ، 4 ކޮޕީ ތައްޔާރުކޮށް ފައެވެ. ކިޔާލާފައި ސޮއިކޮށްލުމަށް މޯރާތައުފީގު ވިދާޅުވެއްޖެއެވެ. ދެންއަޅުގަނޑު ކިޔާލާފައި ސޮއިކޮށް ލައިފީމެވެ. ހުރިހާގަނޑެއްގައި ސޮއިކުރުވާއި އިނގިލީގެ ނިޝާން ޖެއްސުވިއެވެ. ސޮއިކުރަން ބިޑިނައްޓައެއް ނުލައެވެ. ސޮއިކުރީ ބިޑިއާ އެކުގައެވެ. މިބިޑީގައި ސޮއިކޮށް ހަދާކަށް އުދަގުލެއް ނޫނެވެ.
ސޮއިކޮށް ނިމިގެން މޯރާތައުފީގު ކާރީގައި ވަރަށް ގިނަވާހަކަ ދެއްކީމެވެ. މިހާރު މިހުންނަ، 21 ނަންބަރު ގޮޅިއަށް އެއްގޮތަކަށް ވެސް ވައިރޯޅިއެއް ނުވަންނަ ވާހަކައާއި ހޫނުއިރުވަރަށް ހޫނުވާ ވާހަކައާއި ފިނިއިރުވަރަށް ފިނިވާކަމާއި ހުރިހާއުނދަގޫ ތަކެއްގެ ވާހަކަ ދެއްކީމެވެ. އަދި ވީހާއަވަހަށް އެހެންގޮޅިއަކަށް ބަދަލުކޮށް ދިނުމަށް އެދުމުން އެކަން ކޮށްދޭނަމޭ ވިދާޅުވެއްޖެއެވެ. ހަމައެވަގުތު މިހަމަޖައްސައި ދެނީއޭވިދާޅުވެ އަޅުގަނޑު ގެންގޮސްލީ، 30 ނަންބަރު ޓިނުގޮޅިއަށެވެ. 21 ނަންބަރުގޮޅިން، 30 ނަންބަރުގޮޅިއަށް ބަދަލުވީއެވެ. ﷲއަށް ޝުކުރުވެރިވީމެވެ. މިރޭވަރަށް އުފާވެރި ރެއަކަށް ބަދަލުވީއެވެ. ބިޑިއޮތްގޮތަށް އަތުގައިއޮތެވެ.
30 ނަންބަރުގޮޅިއަކީ، ބަކަރިކޮށީގެ ކުރިމައްޗަށް ވާގޮތަށް ހުންނަގޮޅިތަކުގެ ފަތިން އެންމެފަހު ގޮޅިއެވެ. އަދި މޫދާއެންމެ ކައިރީގައި ހުންނަ ގޮޅިއެވެ. ދޮރުފަތުގައި ހުންނަނީ ޓިނުނުޖަހައެވެ. ތޭރިޖަހައިގެން ހަދާފައެވެ. ކުރިމަތިން ފެންނަނީ ބަކަރިކޮށީގެ ފާރެވެ. ނިދަންހުރި އަށިގަނޑަށް އެރީމާ ބަކަރިކޮށީގެ އެތެރެރީތިކޮށް ފެނެއެވެ. ބަކަރިތައް ނިދަންތިބޭ ހިޔާކޮށްފައި ހުންނަބައި ހުންނަނީ މިގޮޅިއާ ދިމާއަށެވެ. ބަކަރިތަކުގެ އަޑުފަށްގަނޑު މިގޮޅިއަށް ވަރަށްގަދައެވެ. ވިއްސާރަވީމާ ބައެއްފަހަރު ބަކަރިތަކުގެ ވަސްދުވައެވެ. ފޫހިފިލުވަނީ ބަކަރިކޮށި ބަލައިގެންނެވެ.
މިކަންމިހެން އޮތަސްއެހެން ހުރިހާ ކަމެއް މިގޮޅީގައި ފަސޭހަވެފައި ކުރިޔާބަލާފައި ވަރަށްބޮޑުތަން ފަސޭހަވެފައި އަރާމެވެ. މިހާހިސާބުން ކަންތައްތައްލުއިވެ، ހަމައަކަށް އެޅެންފެށީކަމަށް ލަފާކުރެވިއްޖެއެވެ. 30 ނަންބަރު ގޮޅިއަކީ، އެންމެގިނަ ވަގުތުހިޔާއޮންނަ ގޮޅިއެވެ. އިރުކޮންމެ ދިމާއެއްގައި ހުއްޓަސް މިގޮޅިއަށް އަބަދުވެސް ހިޔާއޮވެއެވެ. ބަކަރިކޮށި ވަށާލާފައި ހިނގާއެންމެން ހިނގަންޖެހެނީ މިގޮޅީގެ ބިއްދަށުން ލާފައެވެ. ދޫނިދޫގެ މުޅި އެހިސާބުގަނޑު ގޮޅީގެބިއްދަށު ބިތުގައި ދެއޭންގަލަކަށް ވާގޮތަށް ލޯވަޅުއަޅާލީމާ ކަވަރވެއެވެ. މުޅި އެހިސާބުގަނޑު މޮނިޓަރކޮށް ބެލެހެއްޓެއެވެ.
މިގޮޅީގައި އަޅުގަނޑު ވެއްދުމުގެ ކުރިން ދުވަސްކޮޅަކު، އަލްފާޟިލް އިލްޔާސް އަބްދުﷲ މ.އޮމަދޫ މާލެ އޮންނެވިކަން މިގޮޅިން އެނގެން ހުއްޓެވެ. އޭނާގެ ނަންމިގޮޅީގައި ލިޔެފައި ހުއްޓެވެ. އިލްޔާސް އަބްދުﷲ ވަނީ، ޖަލުތެރެއަށް ސިމެންތި ގޮޅިތަކުގެ، 1 ނަންބަރުގޮޅިއަށް ބަދަލުކޮށް ފައެވެ. އަދި، 30 ނަންބަރުގައި އޮތް، އަބްދުﷲ ހުސައިން އަޅުގަނޑު، 30 ނަންބަރަށް ވައްދަންވެގެން ގެންގޮސްލީ، ބަކަރިކޮށީގެ ބިއްދަށު ފަރާތުގައިހުރި، 36 ނަންބަރު ގޮޅިއަށެވެ. އަބްދުﷲ ބައެއްފަހަރު ތުވާލިނެރެގެން އަޅުގަނޑު މެންތިބޭ ގޮޅިތަކާ ދިމާއަށް ވޭވްކުރާތަން ބަކަރިކޮށީގެ އަނެއްފަރާތުން ފެނެއެވެ.
ބިޑިއާއެކު ގޮޅީގައި އޮންނަނީއެވެ. ބަޔާންނަގާ ނިމިފައިވުމުން މާގިނަޚަބަރުތަކެއް ނުވެއެވެ. ދޭއެއްޗެއް ކާލައިގެން ގޮޅީގައި އިންނަނީ އަޅުކަމުގައެވެ. އަބަދުވެސް އިންނަނީ ވުޟޫމަތީގައެވެ. ގުރުއާން ކިޔެވޭލެއް ގިނަކަމުން ވަރަށް ފަސޭހައިން ހިތުދަސްވެއެވެ. ހީވަނީ ގުރްއާނާކައިރިވީ ވަރަކަށް، ގުރުއާންވެސް އަޅުގނޑާ ކައިރިވާހެންނެވެ. ރޫހާނީގޮތުން ދުޅަހެޔޮވެފައި ވަރުގަދައެވެ. މިގޮޅިއަކީ އަޅުގަނޑުގެ އަޅުކަމުގެ ހޮހޮޅައަކަށް ނުވަތަ ޖިފުޓިއަކަށް ހަދައިފީމެވެ.
ކައިރީގައި ޖެހިގެންހުރި، 29 ނަންބަރު ގޮޅީގައި އޮތީކާކުތޯ ބަލައިލުމުން އެނގުނީ، އެގޮޅީގައިއޮތީ އަޅުގަނޑު މެންނާއެކު ބަންދުކުރި އައްޑުއަތޮޅު ބުގޭޖަލީލުގެ ޒުވާން އަޒްމީލު ކަމެވެ. ގާޑުތަންކޮޅެއް ދުރުގައިހުރި ވަގުތެއްގައި، 29 ނަންބަރަށް ގޮވާލައިގެން އަޒްމީލާއެކު ލިންކުގައިމުކޮށް ފީމެވެ. އަދި އޭނާގެފަރާތުން، 28 ނަންބަރު ގޮޅީގައިއޮތީ އަޅުގަނޑުގެ ކޮއްކޮ މުހަންމަދު ރަޝީދު ހުސައިން (ބިގޭ) ކަން އެނގުނެވެ. އަދި، 27 ނަންބަރު ގޮޅީގައިއޮތީ ބޮޑުސައްޕެކަން އެނގުނެވެ.
އަދި، 26 ނަންބަރުގައި އޮތީ ހަންދުކަންވެސް އެނގުނެވެ. 25 ނަންބަރުގައި ކޮއްކޮއިބުރޭއެވެ. 24 ނަންބަރުގައި ވިންޓަރ ޝަރީފެވެ. އަންނިވަނީ ޖަލުތެރެއަށް ސިމެންތިގޮޅިއަކަށް ބަދަލުކޮށްފައެވެ. ގޮޅީގެބިތުގައި އަޅާފައިހުރި ލޯވަޅުތަކުން ބަލައިގެން ގާޑްތަންކޮޅެއް ދުރުގައިހުރިއްޔާ އަޒްމީލްއާ ގުޅައިގެން އެކިމީސްމީހުންގެ ޚަބަރުހޯދަމެވެ.
މާލޭގެ ބައެއް ފާރުތަކުގައި “ފުރީ އިލްޔާސް” ލިޔުން:
މީނާ ކިޔައިދިން ގޮތުގައި އަޅުގަނޑު ބަންދުކޮށްފައި ހުންނާތީ، ދޫކޮށްލުމަށް ގޮވާލައި މާލޭގެ ބައެއްމަގު ތަކުގައި “ފްރީ އިލްޔާސް” މިގޮތަށް މީނާއާ ބައެއްކުދިން ވެގެން ލިޔުނީމާ ސިފައިން ނުކުމެ އިރުއެރީމާ އައިސް ކުލަލާފޮހެލަނީއެވެ. މާލޭގެފާރުތަކުގައި މިގޮތަށް ފުރަތަމަ ފަހަރުލިޔެވުނު މިހުންނަކީ އަޅުގަނޑު މެންނެވެ. މިއިންވެސް އެނގެނީ އަޅުގަނޑުމެންގެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމެވެ. މިއާދަތަކާއެކު ގޮޅީގައި ދުވަސްގުނަމުން ދުވަސްތައް ކަޑަތުކުރަމުން އަޅުކަން ކުރަމުން ގެންދަނީއެވެ. ބަކަރިތައް ބައެއްފަހަރު ރޮއިހޭރޭއަޑާއި ގިތިޔޮތައް މޮޔަވެގެން ބަކަރިފަހަތުން ދުވާއަޑާއި މިފަދަ މަންޒަރުތައް އާންމުކޮށްއިވި، އަދި ބަލާހަދަމެވެ.
13 ޖެނުއަރީ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަދުވަހެވެ. މެންދުރުގެ ވަގުތެއްގައި ގޮޅިންނެރުނެވެ. ނެރުމުގެ ކުރިންވެސް މިއަދުކުރަމުން މިގެންދާ މަސައްކަތް ގޮޅީގައި އަޅާފައިހުރި ލޯވަޅުތަކުން ބެލުމުންވަނީ އޮޅުންފިލާފައެވެ. ފަހަރަކު މީހަކުނެރެގެން ގެންގޮސް ފޮޓޯއެއް ނަގަނީއެވެ. ވާގަޑެއްޖަހާފައި ކަރުގައި ނަންބަރެއް އަޅުވާފައެވެ. އަޅުގަނޑާ ޖެހުމުން އަޅުގަނޑުވެސް ނެރެގެން ގެންގޮސް ކަރުގައި ނަންބަރެއް އަޅުވާފައި ބުރިކޮށްފޮޓޯއެއް ނަގައިފިއެވެ.
އަޅުގަނޑު ކަރުގައި އެޅުވިނަންބަރަކީ، 00203/11 އެވެ. އަދި ނަންބަރާ ނުލާވެސް ބުރިކޮށްފޮޓޯއެއް ނެގިއެވެ. އަދި ކުރިން މަންތިރި މައްސަލާގައި ގެނައިފަހަރުވެސް ނަންބަރަކާނުލާ ފޮޓޯއެއް ނެގިއެވެ. މިއަދު ތިންފަރާތަށް ތިންއޭންގަލަށް ވާގޮތަށްތިންފޮޓޯ ނެގިއެވެ. މިއީ އަޅުގަނޑުމެން ޓެރަރިސްޓުންނަށް ހަދާއި ރާއްޖޭގެ ބޮޑެތި މުޖްރިމުންގެ ލިސްޓްހަދައި ބެލެހެއްޓުމަށް ކުރާކަމެކެވެ.
ޓެރަރިޒަމް އާގާނޫނެއް ފަހުމާކޮށް އެގާނޫނުގެ ދަށުން ހުކުމް ކުރަންވަނީ ރާވާފައެވެ. ސިޔާސީ މީހުންމިގޮތަށް ޓެރަރިސްޓުންނަށް ހަދައިގެން ގެންގުޅުމަކީ، ގައުމުގެ ކުރިމަގަށް ގެންލުންވާނެ ކަމެއްކަން ކަށަވަރެވެ. އަޅުގަނޑު މެންނަކީ ގައުމުދެކެ ނިހާޔަތަށް ލޯބިވާ ގައުމުގެ ކުރިމަގަށް ވިސްނުން ގެންގުޅޭ ސިޔާސީ މީހުންނެވެ. އެހެނަސް އެކަން އަގުވަޒަން ނުކޮށް، ނުދަނެ އެމީހުންނަށް ހޭއަރުވާ ލުމަކީ، ދިވެހިގައުމު ފަނާކުރުންކަން ކަށަވަރެވެ. ރާއްޖޭގައި ހަގީގީ ސިޔާސީމީހުން ވަރަށް މަދެވެ.
14 ޖެނުއަރީ 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަދުވަހެވެ. މިއަދު މެންދުރެއްހާއިރު، ސުލައިމާނު ސަރުދާރު، ވަރަށްއާ އަދި ވަރަށް ރީތި ބިޑިއެއް ހިފައިގެން ދުރުވެ އަޅުގަނޑުގެ ގޮޅިހުޅުވާލައްވައި، އަޅުގަނޑުގެ އަތުގައިއޮތްބިޑި ނައްޓާލެއްވުމަށް ފަހު، އޭނާގެނައި އާބިޑި އަޅުގަނޑުގެ އަތުގައި އެޅުވުމަށްފަހު ގޮޅިތަޅުލާފައި އޭނާ ހިނގައްޖެއެވެ. އެއްވެސް ވާހަކައެއް ނުދައްކައެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ބުނީމާ ކުޑަކޮށް ހިނިތުންވިހެން ހީވިއެވެ.
މިއީ ބްރޭންޑަޑް އޮރިޖިނަލް ބިޑިއެކެވެ. އިނގިރޭސި ވިލާތުގެ އުފެއްދުމެކެވެ. ބިޑީގެތެރެއިން މިއީވަރަށް ފަސޭހަ ވަށްތަރެކެވެ. ތިނެއްބައި ނުވަތަ ހަތަރުއިންޗި ހުންނަވަރުގެ ޗޭނުކޮޅެއް ދެބޮޅުދޭތެރޭގައި ލާފައި އިނދެއެވެ. އަޅުވާލީމާ ދެއަތްދޭތެރޭގައި ކުޑަހުޅާ ދިމާލުން އެހާޖާގަލިބެއެވެ. އަދި ޗޭނުކޮޅުގެ މެދުގައި ހޫކެއްލާފައި ބޭނުންގޮތަކަށް ދެއަތް އެކިއަތަށްވާ ގޮތަށް އަނބުރާލެވޭގޮތަށް ހަދާފައި ހުރުމުން ދެއަތްބޭނުންވާ ގޮތްގޮތަށް ވަރަށް ފަސޭހައިން އަބުރާހެދެއެވެ. އެއްވެސް އުނދަގުލެއް ނުހުރެއެވެ.
ދެބޮޅުހަދާފައި ހުންނަނީ އެއްތަޅުދަނޑި އަކުންތަޅު ލެވޭގޮތަށެވެ. މިއީ ބިޑިތަކުތެރެއިން އެންމެލުއި ވަށްތަރެވެ. އަދި އެންމެފަސޭހަ ބިޑިއެވެ. ސިއްހީގޮތުން އެއްވެސް އުނދަގުލެއް ނުވެއެވެ. އަނެއްކާވެސް އެކަށީގެންވާ ބޮޑުލުއެއް ލިބުނީއެވެ. މިއީ ބިޑީގެ ތެރެއިން އެންމެ ފަސޭހަ ބިޑިއެވެ. މިބިޑިއަށް އާންމުކޮށް ޖަލުތެރޭގައި ކިޔާ އުޅެނީ ޗޭނުކޮޅުލީ ބިޑިއެވެ. ކީސްބިޑީގެ ފޮޓޯއާ އެކު މިބިޑީގެ ފޮޓޯ ވާނެއެވެ.
ޓިނުގޮޅިތަކުގައި ހޭދަކުރި ދުވަސްތަކުގައި އެންމެ އުނދަގޫ ކަމަކަށް ދިމާވީ، ފަތިސްދަޅާގައި ފިނިވާވަގުތު ގަދަޔަށްފިނިވެ، ގެންގުޅޭ ތުވާލިގަނޑު ގައިގާއަޅަން ވެގެންއުޅެއުޅެ ނޭޅިގެން ކުރަންޖެހޭ މަސައްކަތާ، އަދި މެންދުރު ދަޅާގައި އެންމެހޫނުވާއިރު ލައިގެންހުންނަ ގަމީސްގަނޑު ބާލައި ނުލެވިގެން ކުރަންޖެހޭ މަސައްކަތެވެ. ގަމީހުގެގޮށްތައް ނައްޓަންވެގެން އުޅެއުޅެ ނައްޓާނުލެވޭތީ ކުރަންޖެހޭ އުނދަގުބޮޑު މަސައްކަތެވެ.
ގޮށްތައް ނައްޓާލާއި ގަމީސްބާލާއި ހަށިގަނޑަށް ވައިކޮޅެއްގެ އަރާމުދެވޭތޯ ވަރަށްގިނަގުނަ ގޮތްގޮތަށް އަތްއަނބުރާހަދާއި ގިނަވަގުތު އެމަސައްކަތުގައި ހޭދަކުރަން ޖެހެއެވެ. އެހެނަސް ކާމިޔާބެއް ނުހޯދެއެވެ. އިންނަންޖެހެނީ، އެވާހޫނުގައި ގަމީސްގަނޑު ދަލުންތެންމާލައިގެން ވަރަށްހާލުގައެވެ. އަޅުވާފައިއޮތް ބިޑީގެސަބަބުން މިކަންނުކުރެވެނީއެވެ. ފިންޏާއި ހޫނުގައި ޖެހެނީކެތް ކުރާށެވެ. އެނޫންގޮތެއް ނެތެވެ. ބާލީހެއް ބެޑްޝީޓެއް އެހެންއެއްޗެއް ނޯވެއެވެ. ގޮޅީގައިއޮންނަނީ، ގެންގުޅޭ ތުވާއްޔާއި ދަތްއުނގުޅަން ގެންގުޅޭ ސާމާނާއި ކުޑަކުޑަޚަތިމެކެވެ.
މިހާރަކަށް އައިސް ތަހުގީގަށް ނެރުންވަނީ މުޅިންހެން ހުއްޓިފައެވެ. ގޮޅީގައި އޮވެގެން އަބަދުވެސް ކުރާކަމަކީ، ވުޟޫއުމަތީގައިހުރެ ގުރުއާން ކިޔެވުމެވެ. އަދި އަންނަމުންދާ އެކިއެކި ސިޔާސީ ފިކުރުތަކުން އަބަދުވެސް ސިކުނޑިތާޒާ ވަމުންދެއެވެ. އަބަދުވެސް ރާއްޖޭގެ މުސްތަގްބަލަށް ފިކުރުކުރުން އޮވެއެވެ. އަބަދުވެސް ސިޔާސީޕާޓީއެއް ވުޖޫދަށް ގެންނާނެގޮތާއި ގައުމުގެކުރިމަގު ބިނާކުރާނެ ސިޔާސަތުތައް ސިކުނޑީގައި އެނބުރިއެނބުރި ހުރެއެވެ.
ސިޔާސީ ކަންކަމުގައި އަޅުގަނޑު ގެންގުޅޭނެ ލޯގޯއެއް ފަރުމާކުރުމުގެ ވިސްނުން، އެކިގޮތްގޮތަށް ސިކުނޑީގައި ގެންގުޅެން ފަށައިގަތީ މިދުވަސްވަރު ކުޑަގޮޅީގައި އޮވެގެންނެވެ. އެކިކުރެހުންތައް ފަރުމާކުރުމަށް ވިސްނަންފެށީ މިދުވަސްވަރު ގޮޅީގައި އޮވެގެންނެވެ. ހިތުތެރޭގައި ދެތިންވައްތަރެއް ގެންގުޅެން ފަށައިފީމެވެ. އަތުގައިގެންގުޅޭ މޮހޮރުން ބައެއްކުރެހުންތައް ތަޅުމާއި ޓިނުބިތުގައި ފަރުމާކޮށް ހަދަމެވެ. އަޅުގަނޑަށް އެންމެކަމުދިޔަ އަދި ފައިނަލް ކުރެވުނު ލޯގޯއަކީ މިނިވަންވެގެން ފުރަތަމަ ފަހަރަށް އދ.އަތޮޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލި ފަހަރު ބޭނުންކުރި ލޯގޯއެވެ.
މިލޯގޯގެ ނަކަލެއް އަޅުގަނޑުގެ ސައިޓުގަޔާއި އަޅުގަނޑުގެ ފޭސްބުކް އެކައުންޓުން ފެންނަން ހުންނާނެއެވެ. 2004 ގެ ކެންޕޭނުގައި ވެސް އަޅުގަނޑު ބޭނުންކުރީ މިލޯގޯއެވެ. އެއީ އިނގިރޭސި އަކުރުގެ “އައި” ހުރަސްވާގޮތަށް “އެޗް” އަކުރުއަޅާފައި ހުރިހާކޮޅުތަކެއް ވަށްބުރަކަށް ވަށްކޮށްލީމާ ފެންނާނެގޮތެވެ. އެސޫރައެވެ. ބަދަލުކުރަމުން ގެންދާގޮޅިތަކުގައި މިލޯގޯމޮހޮރު ބޭނުންކޮށްގެން ކުރަހަމުން ގެންދަމެވެ. ބައެއްގޮޅީގައި ކަނޑާނަގާފައި ވެސް ހުންނާނެއެވެ.
އަދި މޮޓޯއަކަށް މިދުވަސްވަރު އަޅުގަނޑު ބޭނުންކުރީ، “ވަކާނަ ޙައްޤާ ޢަލައިނާ ނަޞްރުލް މުއުމިނީން!” މިއާޔަތެވެ. ހުރިހާ ގޮޅިއެއްގައި މިމޮޓޯލިޔެފައި ހުންނާނެއެވެ. އޭރުހުންނަނީ އިސްލާމްދީނަށް ނިސްބަތްކޮށް އަޅުގަނޑު އަމިއްލައަށް ވަކިޕާޓީއެއް ހެދުމުގެ ވިސްނުމެވެ. އަންނިއާއެކު އެއްވިސްނުމެއްގައި ހަރަކާތްތެރި ވުމުގައި ދެމިހުރުމުގެ ސަބަބުން މިވިސްނުން ޖެހުނީ ދޫކޮށްލާށެވެ.
އެންމެން އެކުވެގެން އެއްމިސްރާބަކަށް ދާށެވެ. ވަކިޕާޓީއެއް އެވަގުތުހަދަން ވިސްނުމަކީ ބުއްދިވެރި ކަމަކަށް ނުވާތީ އެފިކުރު ޖެހުނީ ދޫކޮށްލާށެވެ. މިފަދަވިސްނުން ތަކުތެރޭގައި އަބަދުވެސް ގޮޅީގައި އިންނަނީއެވެ. އެއް ވެސް ހިތްދަތިކަމެއް ހިތާމައަކާ މެދު ވިސްނާނެ ޖާގައެއް ނޯވެއެވެ. މުސްތަގުބަލުގެ އުޖާލާ އުންމީދުގެ ފޮނިތަކުތެރޭގައި އެޖަޒުބާތުގެ ފޯރީގައި ހުންނަނީއެވެ. ގުރުއާން ކިޔެވުމާއި ބޭނުންވާ ކަންކަމަށް ދުޢާދެންނެވުމުގައި ރޭތަކާއި ދުވަސްތައް ގުނަމުން ގެންދަނީއެވެ. ބަކަރިކޮރި ބެލުމާއި ބަކަރިތަކާއި ގިތެޔޮތައް އުޅޭގޮތްތައް ވެސް ގިނައިން ބަލާހަދަމެވެ.
5 ފެބްރުއަރީ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަދުވަހެވެ. މިއަދު މެންދުރެއްހާއިރު ގޮޅިން ނެރެގެން ތަހުގީގުކުރާ ތަނަށް ގެންގޮސް ވެއްދިއެވެ. ތިއްބެވީ ހ.މުގުރިގޭ ތާހާވަހީދާއި މޯރާތައުފީގެވެ. އަޅުގަނޑު ބޭންދީ އެދެމީހުންގެ ކުރިމަތީގައި މޭޒުގެއަނެއް ފަރާތުގައިހުރި ގޮނޑިއެއްގައެވެ. ފުރަތަމަވެސް ގޮވާލެއްވީ އެހިސާބުގައި ފެންނަންހުންނެވި، ފިރާގަށެވެ. އަދި އޭނާއަށް އަޅުގަނޑުގެ އަތުގައިއޮތް ބިޑިނެގުމަށް މޯރާތައުފީގު އެންގެވެވުމާއެކު، އޭނާއަތުގައި އޮތްތަޅުދަނޑި އަކުންދެބޮޅު ހުޅުވާލުމަށްފަހު އަޅުގަނޑު އަތުގައި އަޅުވާފައި އޮތްބިޑި ނަގައިފިއެވެ.
ދެއަތްފޮޅާލާއި ކޮނޑުހުޅުން ވާގިދޫކޮށްލާއި ފުރަތަމަ ފަހަރަށް ދެއަތްރީތިކޮށް ތަޅުވާލައި ހަދާލެވުމުން ވަރަށް އަރާމުވެގެން ދިޔައެވެ. ދެމީހުންގެ ތެރެއިން އިސްކޮށް އިންނެވީ ތާހާވަހީދެވެ. އަނެއްކާވެސް މޭޒުގެކުރިމަތީގައި ހުރިގޮނޑީގައި ބޭންދުމުން، މިހާގިނަދުވަހު ބިޑީގައި މިފަދައަނިޔާ ވެރިކަމުގައި ބޭއްވީކީއްވެގެންތޯ ސުވާލުކޮށްފީމެވެ. މިފަހަރު އެބޭފުޅުންނަށްވުރެ ކުރިންވާހަކަފެއްޓީ އަޅުގަނޑެވެ. ދެބޭފުޅުންވެސް ޖަވާބުގައި ވާހަކަދައްކަމަވުން ވިދާޅުވީ އެކެއްޗެކެވެ.
ޖަވާހިރުވާދީއަށް، އިލްޔާސްގެ ގެއަށްވަދެ ނުކުމެއުޅޭ މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަވާހިރުވާދީއަށް ވަދެދައްކަވާ ވާހަކަތައް އިލްޔާސް ބުނެނުދީ ހިފޭއްޓީމާ އަދަބެއްގެ ގޮތުންބިޑީގައި ގެންގުޅެއް ޖެހުނީއެވެ. އެވާހަކަތައް ކިޔައި ދިންނަމަ، މިހާގިނަދުވަހު ބިޑީގައި އޮންނާކަށް ނުޖެހުނީހެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަށް ތިޔަހާބޮޑު އަނިޔާއެއް ދެއްވިއިރު ފަހުންއަންނާނެ ބަޔަކަށް، އެކަން އެނގޭނެރެކޯޑެއް ތިޔަބޭފުޅުން މިތާގައި ގައިމުކޮށްފައި އޮވޭތޯއެވެ؟
މިސުވާލު ކުރުމުން ވިދާޅުވީ، މިދެވެނީ އަނިޔާއެއްނޫން ކަމަށެވެ. މިއީ ތަހުގީގަށް އެއްބާރުލުން ނުދީގެންދެވޭ އަދަބެވެ. އަނިޔާއޭ ނުކިޔާށެވެ. ސިފައިންނެއް އަނިޔާއެއް ނުކުރާނެއެވެ. މިދެވޭއަދަބުތައް ރަސްމީފޮތެއްގައި ފަހުންބަލަން ބޭނުން ބަޔަކަށް ފެންނާނެހެން ބަހައްޓާފައި ހުންނާނެއެވެ. މިހެންވިދާޅުވުމުން އަޅުގަނޑަށް ތިޔަފޮތް ފެނިދާނެތޯ ނުވަތަ ދައްކާލައްވަފާނަންތޯ ދެންނެވުމުން މިވާހަކަތައް ލިޔެފައިއޮތް އާދައިގެ ސްކޫލްފޮތެއް އަޅުގަނޑަށް ދެއްކިއެވެ.
މިފޮތުގައި ބިޑިއެޅުވި ދުވަހާއި ނައްޓާލި ދުވަސްލިޔެފައި އޮތެވެ. އަދި ފޮތުގެބޭރުގައި ކުއްވެރިންނަށް ދެވޭއަދަބު މިހެންލިޔެފައި އޮތެވެ. މޯރާތައުފީގު ބުނުއްވަނީ ހުރިހާއަދަބެއް މިފޮތުގައި ނޯޓުކުރާކަމަށެވެ. އަޅުގަނޑަށް އެއްގޮތަކަށް ވެސް މިއީބަލަހައްޓާ ރެކޯޑެއްހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑު މިކަމަށް އެދުނީމާ ފޮތެއްގެނެސް ދައްކާލީއެވެ. މިއަދަކީ ފޫހިކަމެއްނެތި ވަރަށްގިނަ ވާހަކަ ދައްކަމުން ގެންދާ ދުވަހެކެވެ. މޯރާތައުފީގު އިންނެވީ ވާހަކަދައްކާ ހިތުންނެވެ.
ބިގޭގޮޅިން ނެރެގެން މޫދަށްގެންދާތަން، އަޅުގަނޑަށް ފެނިފައިއޮތުމުން، މިބޭފުޅުންކައިރީގައި އަޅުގަނޑަށްމޫދަށް އެރެވޭނެގޮތެއް ހައްދަވާއި ދެއްވާ އެކަމަށް، 30 މިނެޓްޚާއްސަ ކޮށްދެއްވައި، 15 މިނެޓު ވައިގެ ތެރޭގައި ކަސްރަތުކޮށްލާއި އަނެއް، 15 މިނެޓު މޫދުގައި އުޅެވޭނެގޮތް ވެދާނެތޯ ދެންނެވުމުން ވިދާޅުވީ ތިޔައީ އަޅުގަނޑުމެން، ތަހުގީގުޓީމުން ދޭހުއްދައެއް ނޫނެވެ. އިލްޔާސަށް ޖެހިލައްވާނީ ޑިފެންސް މިނިސްޓްރީއަށް، މޫދަށާއި ކަސްރަތު ކުރުމަށް ގޮޅިންނެރެދެއްވާތޯ އެދިސިޓީއެއް ލައްވާށެވެ.
އޭރުންހީވަނީ ތިޔަކަންތައް ހަމަޖެހިދާނެ ހެންނެވެ. ސުލައިމާނު ކައިރީގައި ބުނުމުންސިޓީ ލިޔެވޭނެގޮތް ހަމަޖެހޭނެއެވެ. ދެންހަމަ އެވަގުތު ސުލައިމާނަށް ގޮވާގެނެސް، އިލްޔާސަށް ސިޓީލިޔެވޭނެގޮތް ހަމަޖައްސައި ދިނުމަށް އެނާގާތުގައި މިބޭފުޅުން ވިދާޅުވެއްޖެއެވެ. މިއަދު މިދަނީ ވަރަށް ރަނގަޅަށެވެ. އެއްވެސް ކަމަކަށް ނޫނެކޭ ނާދެއެވެ. މިދެބޭފުޅުން ވެސް ތިއްބެވީ، ވަރަށް ރުއްސަވާފައެވެ. ގިނައިން އުޅެނީ އަޅުގަނޑު ލައްވާ ވާހަކަ ގިނަ ކުރާށެވެ. އެދޭހާކަމެއް ކޮށްދޭށެވެ.
ދޫނިދޫ ޖަލުތެރެއިން ޖިންނިއެއް ފެނުނުވާހަކަ:
ދެން މޯރާތައުފީގު ދެއްކެވި ވާހަކަތަކަކީ، 30 ނަންބަރުގޮޅީގައި އިލްޔާސް އޮންނަވާއިރު ބަކަރިކޮށި ފެންނާތީ ބިރުނުގަނޭ ހެއްޔެވެ؟ ގޮޅިތަކުގައި މިހާރުބިރުގަންނަ ގައިދީން ވަރަށް ގިނައެވެ. އެމީހުންނަށް ޖަލުތެރެއިން ޖިންނިއެއް ފެންނަ ކަމުގެ ޝަކުވާ އެބަ ލިބެއެވެ. މިކަމުގެ ޝަކުވާލިބެނީ، ބަކަރިކޮށީގެ ކުރިމަތީގައި ހުންނަގޮޅިތަކުގައި ތިބޭމީހުންގެ ފަރާތުންނެވެ. ގިނަގައިދީންނާއި ގިނަގާޑުންގެ ފަރާތުން ވަރަށްގިނަ ޝަކުވާތައް ލިބެމުން އެބަދެއެވެ.
އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު އެއްގޮތަކަށް ވެސް ޖެހިލުން ނުވާކަމާއި އެއްގޮތަކަށް ވެސް ބިރެއް ނުގަނެއެވެ. ގޮޅީގައި މިއޮންނަނީ އުފަލުގައެވެ. އަދި އަބަދުވެސް ގުރުއާން ކިޔަވަން ވުޟޫއުމަތީގައި އިންނަވާހަކަ ދެންނެވީމެވެ. ބައެއްރޭރޭ މިގޮތަށް އިރުއަރަންދެން އިންނަވާހަކަ ދެންނެވީމެވެ. އަދި ހުރިހާ ވަގުތެއްގައި ވެސް އިންނަނީ ގުރުއާން ކިޔަވާލަ ކިޔަވާލާ ކަމުގައި ދެންނެވީމާ، މޯރާތައުފީގާއި ތާހާވަހީދު ވިދާޅުވީ، ގޮޅިތައްކައިރިން ދޫނިދޫން ރޭގަނޑު އިލްޔާސް ފެންނާތީ ބަންދުގައިތިބި ވަރަށް ގިނަގައިދީން އެކަމުގެ ޝަކުވާކޮށްފިއެވެ. ގިނަގާޑުންނަށް ވެސް ފެނިފައިވާކަމުގެ ޝަކުވާލިބިފައި އެބަހުއްޓެވެ. އަދި ބަކަރިކޮށި ކައިރީގައި ހުރިގޮޅިތަކުގައި ތިބޭމީހުންނަށް އިލްޔާސް ފެންނާތީ ވެސް ޝަކުވާ ލިބިއްޖެއެވެ. މިވަނީކިހިނެތް ހެއްޔެވެ؟ އިލްޔާސް ބިރެއްނުގަނޭ ހެއްޔެވެ؟
29 ނަންބަރު ގޮޅީގައި އިލްޔާސާ އެންމެކާރި ގޮޅީގައިއޮންނަ، އަޒްމީލަށާއި ދެން ޖެހިގެންހުރި ގޮޅީގައިއޮންނަ ބިގޭއަށް ޖިންނިއެއް ފެންނާތީ، އެމައްސަލަ ޖައްސައިފިއެވެ. ބިގޭއަށް ފެނުނީ، އިލްޔާސެވެ. އަޒްމީލްބުނަނީ ކަޅުއެއްޗެއް ކަމަށެވެ. ސިފަކޮށްދޭކަށް ނޭގޭކަމަށެވެ. އަދި ޑިއުޓީއަށް ތިބޭބައެއް ސިފައިންނަށް އިލްޔާސް ސިފައިގާ ހުންނައެއްޗެއް ބަކަރިކޮށި ކައިރިންނާއި ދޫނިދޫގެ އެހިސާބުން ފެންނަކަމާއި އޭތިހުންނަނީ، އަޅުގަނޑު ސިފައިގާކަމާއި ހުންނަނީ އަތުގައިބިޑި އަޅުވާފައި ކަމަށާއި ދެއަތުން އެއްއަތް ހުންނަނީ ބުރިވެފައޭ އެމީހުން ކިޔައިދޭކަމަށް މޯރާތައުފީގު ވިދާޅުވެއްޖެއެވެ.
އަޒްމީލް މިކަމާހެދި ބިރުގަންނާތީ މައްސަލަ ޖެއްސުމުން އޭނާމިހާރު ހުންނާނީ ޖަލުތެރެއަށް ސިމެންތިބަޔަށް ބަދަލުކޮށްފައި ކަމަށް މޯރާތައުފީގު ވިދާޅުވެއްޖެއެވެ. އެއްރެއަކު އަޒްމީލް ލައިގެންހުރި ގަމީހުގައިހިފާ ދަމައިގަނެގޮށްތައް ގޮށްވަޅުން ދުއްވާލިވާހަކަ ފަހުންއޭނާ އަޅުގަނޑަށް އޭނާގެ އަނގައިން ކިޔައިދިނެވެ. އަދި ބިގޭގޮޅީގެ ދޮރުމައްޗަށް އަޅުގަނޑު ސިފައިގާހުރި މީހަކުއަރާފައި ބިގޭއާދިމާލަށް އަވަހަށް ނުކުންނަން ވީއޭ ބުނެފައި ދެން ބަލާލުމުން ނުފެނުނު ވާހަކަ ބިގޭވެސް ފަހުން އަޅުގަނޑަށް ކިޔައިދިނެވެ.
29 ނަންބަރު ގޮޅިން އަޒްމީލުނެރެގެން ގެންދިއުމަށް ފަހު، 29 ނަންބަރު ގޮޅިއަށްގެނައީ ބޮޑުސައްޕެއެވެ. ދޫނިދޫބަކަރިކޮށި ކައިރީގައި މިފަދަބިރުވެރި ހާދިސާއެއް ހިނގިކަން އަޅުގަނޑަށް އެނގުނީ މިއަދެވެ. ބޭރަށްނެރެ މޯރާތައުފީގުއާއި ތާހާވަހީދު، އަޅުގަނޑުގާތުގައި އެވާހަކަ ވިދާޅުވީމައެވެ. ޑިއުޓީގައި ތިއްބެވިބައެއް ކުދިންގެފަރާތުން މިވާހަކަތައް ފަހުން އަޅުގަނޑަށް ވެސް ލިބުނެވެ. އެކުދިން އަޅުގަނޑަށް ކިޔައިދިނެވެ.
އިލްޔާސް ބޭރުންފެނިފައި ގެއްލުނީމާ ޗޯޓުހިފައިގެން ގޮސް އިލްޔާސް އޮންނަގޮޅި ބަލާޗެކްކުރާއިރު އިލްޔާސް އަށިގަނޑުމަތީގައި އިށީދެގެން ގުރުއާން ކިޔަވަން އިންނަވާތަން އެކުދިން ދެކޭކަމަށް ބުންޏެވެ. އެއީ ތެދެކެވެ. އެދުވަސްވަރު ދަންވަރު ވަރަށްގިނައިން އަޅުގަނޑު އިންނަގޮޅިއަށް ގާޑުކުދިންއައިސް އަލިކޮށް ހަދައެވެ. ބަލާލާފައި އަނގައިން ނުބުނެދަނީއެވެ. އެދުވަސްވަރު އަޅުގަނޑު ނިދަނީ ވަރަށް މަދުންނެވެ. ރޭގަނޑު އަބަދުވެސް އިންނަނީ ކިޔަވާށެވެ. ނަމާދުކުރާށެވެ. ދުޢާކުރާށެވެ. މިވެރިންގެ އަނިޔާއިން ސަލާމަތްކޮށް ދެއްވާތޯއެވެ. ގިނަފަހަރު ނިދާލެވެނީ، ދަމުނަމާދުކޮށް ފަތިސްނަމާދަށް ފަހުއެވެ.
ކޮންމެއަކަސް މިހުރިހާ ވާހަކަތަކެއް ދެއްކުމަށްފަހު، އަޅުގަނޑު ގޮޅިއަށް ފޮނުވާލީ ބިޑިން މިންޖުވެފައިހުރި މިނިވަނެއްގެ ގޮތުގައެވެ. މިކަންވީ އަޅުގަނޑަށް ލިބުނުބޮޑު ލުޔަކަށެވެ. ވަރަށްއުފާވި ދުވަހެކެވެ. ބިޑީގެވަހުޝީ އަނިޔާތަކުން ސަލާމަތްވުމުން ގޮޅިއަށްއައިސް މުޅިހަށިގަނޑު ބަލާލައި ހެދުމަށްފަހު ވަރަށްދެރަވިއެވެ. ހިތާމަކުރަން ޖެހުނެވެ. އަތުގެކުޑަހުޅާ ދިމާލުންދެއަތްވެސް އޮތީވަރަށްކަޅުވެ ކުރަމަގާލި ލާފައެވެ. ހަންގަނޑު ބޯވެގެންގޮސް ކުރަކިވެފައެވެ.
އުޅަބޮށިކޮޅާއި އުނަގަނޑުގެ ދެފަރާތުން އަށިގަނޑުގައި އަބަދުވެސްޖެހި ކޭއްތޭދިމާތައް ހުރީ ކަޅުވެހަންގަޑު ބޯވެ ކުރަމަގާލި ގަނޑަކަށް ވެފައެވެ. މިތަންތަން ކުރިންހުރިގޮތަށް މަޑުރީތިހަމަށް ބަދަލުވީ ވަރަށްގިނަ ދުވަހުންނެވެ. އަޅުގަނޑުގެ އަޅުކަން އިތުރަށް ހަރުދަނާކޮށް، ﷲ އާކުއްތަންވުން ކޮށް ދެންވުންއެދި އެތައްއިރަކު ދަންވަރު ހޭލާއިނދެ ދުޢާކުރީމެވެ. ސިފައިން މިދެމުންގެންދާ އަނިޔާތަކުން ހަށިގަނޑަށާއި ބުއްދިއަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް، އުނިކަމެއް އަޔަނުދެއްވާތޯއާއި އަބަދުވެސް ސަލާމަތުން ލަހައްޓަވާ ތޯއެވެ.
އެނެއްދުވަހު ސުލައިމާނު ސަރުދާރު ކުރެއްވި މަސައްކަތަކީ، ކޮންމެގޮޅިއެއްގެ ކުރިމަތީގައި ފަސްވޯޓްގެ ބޮތްކެއްލާއި މުޅިދޫނިދޫގެ އެހިސާބުގަނޑު ތަންތަންކޮޅުގައި ބޮކިލައިގެން އަލިކުރެއްވީއެވެ. ﷲގެ އިރާދަފުޅުން، ފާނޫޒުގެ ފަނޑުއަލިން ސަލާމަތްވީއެވެ. ޓިނުގޮޅިތަކަށް އާބަދަލުތަކެއް އަތުވެއްޖެއެވެ. އާދިރުމެއް އަތުވެއްޖެއެވެ. އާއަލިކަމެއް ލިބިއްޖެއެވެ. ނާމާންކަން ގެއްލިއަމާން ތަނަކަށް ބަދަލުވީއެވެ. ﷲއަށް އެތެއްހާސް ޝުކުރެއް އަޅުގަނޑު މިކަމާގުޅިގެން ދެންނެވީމެވެ. ޝުކުރުގެ ޚާއްސަ ނަމާދެއް ކުރީމެވެ. މިހިސާބުން ޖިންނީގެ އުނދަގުލުން ވެސް ޖަލުތެރެ ސަލާމްތްވެ މިންޖުވީއެވެ. ޖަލުތެރޭގައި މުޅިން އާއަލިކަމެއް ފެށުނީއެވެ.
އާދެ! އަޅުގަނޑަކީ ކިޔެވިދުވަސްވަރު ކޮލެޖްގެ މަންހަޖާއި މުޤައްރަރުގެ އިތުރުން، މަންޠިޤާއި ފަލްސަފާގެ ފޮތްތަކަށް ޝައުޤުވެރިކަން ހުރެގެން އެފަދަފޮތްތައް ވަރަށްގިނައިން މުޠާލަޢާކުރި މީހެކެވެ. އަދި މީގެއިތުރުން ޖިންނި ޝައިޠޯނުން ނާބެހޭފޮތްތަކާއި ރޫޙާއި ފަންޑިތަހާހޫރަ އާބެހޭގޮތުން ޢަރަބިބަހުން ލިޔެވިފައިވާ ގިނަފޮތްތައް ހޯދުމާއި ކިޔުމަށް ޝައުޤުވެރިކަން ހުންނަމީހަކަށްވާތީ މިފަދަފޮތްތައް ކިޔެވި ދުވަސްވަރު ހޯދައިގެން ކިޔާހެދި މީހެކެވެ.
މިދެންނެވި ފޮތްތަކުގެ ތެރޭގައި “ނުޒްހަތުލް މަޖާލިސް” އާއި “މުޖައްރަބާތުލް ދައިރަބީ” އާއި “ޝަމްސުލް މަޢާރިފުލް ކުބްރާ” އާއި “އަލްބަރަކާ” އާއި “އަލްރޫޙު” އަދި “ތަސްޚީރުލް އަރްވާޙި” ފަދަފޮތްތައް ހިމެނެއެވެ. މިފަދަފޮތްތައް ކިޔާހަދާފައި ހުރުމުން ބައިވަރު މައުލޫމާތު ލިބިފައިހުއްޓެވެ. އެހެނަސް ކުޑަގޮޅިއެއްގައި ޖަލުގައި ބަންދުވެފައި އިންނައިރު، ގުރުއާންމަޖީދު ފިޔަވާބަލާލާނެ، އަދި ކިޔާލާނެ އެހެންފޮތެއް ނެތްއިރު، އަޅުގަނޑަށް ލިބިފައިހުރި މައުލޫމާތަކާއި އެނގިފައިހުރި ތަކެއްޗާއި ކަމާބެހޭގޮތުން ޢިލްމުވެރިން ބުނެފައިހުރި ޚާއްސަ ސޫރަތްތައް އަޅުގަނޑު ގެންދިޔައީ އެދުވަސްވަރު ގޮޅީގައި އިނދެގެން ކިޔަވަމުންނެވެ.
އެއީ މުއުމިނުޖިންނި އެއްގެއެހީ ހޯދުމުގެ ބޭނުމުގައި، ﷲއަށް ދަންނަވައި އެކަމަށްނިޔަތް ގަނެގެން ކުރިކަމެކެވެ. އެދުވަސްވަރު ކޮންމެރެއަކުވެސް މިނިޔަތާއި މިމަގްސަދުގައި އެކިޔެވެލި ކިޔެވީމެވެ. ޖިންނީންނަށް މީރުވަހަކީ ބޭނުންވާނެ އެއްޗަކަށް ވާތީ، ފެންވަރަން ނެރޭފަހަރު ސައިބޯނިކޮޅުކޮޅު ގޮޅިއަށްގެނެސް ކިޔާވާވަގުތު ދޮރުމަތީގައި ބަހައްޓަމެވެ. މިފަދަ ކަމެއް ކުރަންނިންމީ، މައްކޮމެން، މަސްއޫދުމެންފަދަ ކަމާނުބެހޭ އެތައްބަޔަކު ގެނެސް ކުޑަގޮޅީގެ އަނިޔާތަށް ދެމުންދާތީ، އެކަމަށްލުޔެއް ލިބިގަތުމުގެ ބޭނުމުގައެވެ.
ޚާއްސަކޮށް މައްކޮ މިނިވަން ކުރުމުގެ ބޭނުމުގައެވެ. މިއީ އެމީހުންނަސް ގަސްދުގައި ދެވުނު އަނިޔާތަކެކެވެ. މިކަމުގައި އެމީހުންގެ އެއްވެސް މިންވަރެއް ނުވާނެއެވެ. އަހަރެން ބެލީ މިކަމުގައި ޖިންނި ޝައިތޯނުންގެ މަދަދުގެ ބޭނުން ކޮންމެވެސް ގޮތަކުންހިފޭތޯއެވެ. އެނިޔަތުގައި އެކަމަށް އެދި ކިޔެވި ކިޔެވުމެކެވެ. އަޅުގަނޑު، 30 ނަންބަރުގޮޅީގައި އިންއިރު ގަވައިދުން މިކަމުގައި ގިނަ ރޭތައް ހޭދަކުރީމެވެ. މިކިޔެވެލި ހުއްޓާލީ އެއްރެއަކު ކަޅުއަނދިރި ގަނޑެއް ސިފައިގައި ދެއަތްފެންނަންހުރި ކަހަލަގޮތަކަށް ހުރިއެއްޗެއް ގޮޅީގެދޮރުމަތިން ފެނިފައި އަޅުގަނޑުގެ ފައިގެކަނާއަތު ބޮޑުވައި އިނގިލީގައި ހިފާލުތްކެއްޖަހާލި ފަހުންނެވެ.
މިއީހޭލާ އޮށޯވެލައޮގެން އޮއްވާ ހިނގިކަމަކަށް ވާތީ އަޅުގަނޑު މިކަމާވަރަށް ވިސްނަން ޖެހުނެވެ. ވަރަށް ހާސްވިއެވެ. އަޅުގަނޑުގެ ވިސްނުން އެކިދިމާތަކަށް ހޭރިޔާކޮށް ވިސްނުމަށް ފަހު، ހިނގާ މިދިޔަ ކަންތަކަކީ ރަނގަޅުކަމެއް ނޫންކަމަށް ލަފާކުރެވިއްޖެއެވެ. މިއީ މުއުމިނު ޖިންނިއެއްގެ ކަމެއްނޫންކަމަށް ނިންމައިފީމެވެ. މިއީ ކާފަރުނުލަފާ ޖިންނިއެއްގެ ކަމަކަށް ބަލައިފީމެވެ. ވިސްނުމަށްފަހު، ކުރެވުނު ލަފާގެ މައްޗަށްބުރަވެ މިކިޔެވެލި ހުއްޓާލުމަށް ނިންމައި ފައިނަލް ކުރުމަށް ފަހު، އެކަން އެނިޔަތުގައި ކުރުން ހުއްޓާލީއެވެ.
ރޫޙާއިޖިންނި ޝައިތޯނުންގެ އެހީހޯދުމަށް ކިޔެވެލި ކިޔެވުން މިހާހިސާބުން ހުއްޓާލައިފީމެވެ. މިކަންތައް ހުއްޓާލުމަށްފަހު، މިޒާތުގެ މިކަހަލައެއްވެސް އުނދަގުލެއް އެކަކަށްވެސް ނުވެއެވެ. ފަހުންވިސްނާލުމުން މިކަމަކީ، ދޫނިދޫތެރެއިން ޓިނުގޮޅިތަކާ ދިމާލުން ފެންނަމުންދިޔަ އަޅުގަނޑުގެ ޞޫރާގައި އުޅުނުޖިންނިއާ، މިކަމާ ގުޅުންމެއް ހުރިކަން ކަށަވަރުކުރެވުނެވެ. އެދުވަސްވަރަކީ، އަޅުގަނޑުގެ ރޫޙާނީބާރު ހިތްހަމަޖެހޭ ގޮތެއްގައިހުރި ދުވަސްވަރެކެވެ.
އެކަމަކަށްއެދި ދުޢާކުރަމުން ގެންދިޔަ ކޮންމެކަމެއް ފުދެމުންދިޔައެވެ. އަޖައިބުވާފަދަ ކަންތައްތައް ވަމުންދިޔައެވެ. ހިތައްއަރާގިނަ ކަންތައްތައް ހަގީގަތަށް ބަދަލުވާތަން ފެނުނެވެ. ވ.ޅަހުއްތުމެން މާރުޅިގަދަވެގެން ހަމައިންނެއްޓޭ ދުވަސްދުވަހު، ތަހުގީގުޓީމުގެ ރުޅިމަޑުކުރައްވާއި އެބޭފުޅުންގެ ހިތްތަކަށް މަޑުމައިތިރިކަން ވައްދައި ދެއްވުން، އެދި ދުޢާ ދެންނެވުމަށް ފަހު، ދެންފެންނަފަހަރުގައި ވަރަށްހިތްހެޔޮކޮށް ހީހަދާއި ވާހަކަދައްކަވާފައި އެބަހުއްޓެވެ.
މިއީ ވަރަށް ރަނގަޅަށް ތަޖްރިބާކުރެވިފައި ހުރިކަމެކެވެ. މާލޭގައި ގޭތެރޭގައި ހިނގާބައެއް ކަންތައްވެސް ވަރަށްތަފްސީލުކޮށް ހުވަފެނުން ފެނިފައި އެބަހުއްޓެވެ. ފެންނަމުންދާ ގިނަހުވަފެންތަކުގެ ގިނަބައިތަކަކީ، އަޅުގަނޑަށް ގިނަފައިދާތަކެއް ކުރާބައިތަކެވެ. ހިތްހަމަޖެހި މީހާގެ ސިޔާސީރޫޙު އަލާކޮށްދީ އަޒުމްވަރުގަދަ ކޮށްދޭ ހުވަފެންތައް ފެންނަމުން ދިޔައެވެ. މިއީ، ﷲ އަޅުގަނޑަށް ދައްކަވަމުން ގެންދެވި ސީދާމަގުކަމުގައި އަބަދުވެސް އަޅުގަނޑު ގަބޫލުކޮށް ހަށިގަނޑަށާއި ހިތާއި ސިނކުޑިއަށް ފިނިކަންގެނެސް ރޫޙާނީބާރު ގަދަކުރަމެވެ.
ގޮޅީގައިހުންނަނީ ވަރަށްއުފަލުގައި ހިތްހަމަޖެހިގެންނެވެ. އަބަދުވެސް ގައުމުގެ މުސްތަގުބަލް ފެންނަހެން ހީވާކަހަލައެވެ. އެންމެބޮޑަށް ހަނދާނުގައި ހުންނަހުވަފެނަކީ، އަންނިއާއި ސައްޕެއާއި އަޅުގަނޑުމެން ތިބެގެން މާލެ ވިލިގިލި ބުރިޖް، ވަރަށް ކުލަގަދަކޮށް އަޅުގަނޑު ހުޅުވައިދޭ މަންޒަރެވެ. ކުރިމަގުގައި މިކަން ފުއްދަވައި ދެއްވުންއޮތީ، ﷲގެ ކުޅަދުންވަންތަ އަތްޕުޅު މަތީގައެވެ. ﷲ މިކަން ފަހި ކޮށް ދެއްވާށިއެވެ. އާމީން!
7 ފެބްރުއަރީ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 47 ވަނަދުވަހެވެ. ހެނދުނު ސައިބޮއި ނިމުނުތަނާހެން، ސުލައިމާނު ސަރުދާރު ގޮޅިއަށް ކަރުދާހާއި ގަލަމަކާއި ސިޓީއުރައެއް ހިއްޕަވައިގެން ދުރުވެ، ޑިފެންސް މިނިސްޓްރީއަށް އިލްޔާސް ބޭނުންވެލައްވާ ކަންތަކަށް އެދި ސިޓީލިޔާށޭ ވިދާޅުވެ މިތަކެތި އަޅުގަނޑު އަތަށްދީފައި ދުރުވެއްޖެއެވެ. މިއީ ކުޑަގޮޅީގައި ފުރަތަމަފަހަރަށް ގަލަމެއް އަތުޖެހުނު ހިނދުކޮޅެވެ. ތިންގަނޑު ގެނެސްދީފައި އޮތެވެ.
ދެން އަޅުގަނޑު ފުރަތަމަވެސް އަވަސްވެގަތީ، މޮހޮރުން ނޯޓްކޮށްފައިހުރި މުހިންމު ތާރީޚްތަކާއި ވާހަކަތައް ގަލަންކޮށް، ދެއްޔަށް ބަދަލުކުރާށެވެ. ބޭނުންކުރީ ކުރިންވެސް މޮހޮރުން ކަނޑާނަގައިގެން ލިޔެފައިހުރި ސައިބޯނި ހުސްކުރި ކަރުދާސްތަކެވެ. ސުލައިމާނު ސަރުދާރު ގެނެސްދިން ތިންސޮފުހާއިން އެއްސޮފްހާ ބޭނުންކޮށްފައި ބާކީވިދެގަނޑު ސިޓީއާއެކުގައި އޭނާއަތަށް އަނބުރާދިނީއެވެ. ނޯޓްކުރަންހުރި މުހިންމުބައިތައް ނޯޓްކޮށްނިމުމުން ދެން ލިޔަންފެށީ ޑިފެންސަށް ލިޔާސިޓީއެވެ. 15 މިނެޓްމޫދަށް އެރުމަށާއި 15 މެނެޓް ހާމަވައިގެތެރޭގައި ކަސްރަތުކޮށް ލުމަށް ވަގުތުކޮޅެއް ޚާއްސަކޮށް ދެއްވުން އެދި ކުރުކުރު ސިޓީއެއް ލިޔެލައިފީމެވެ.
މެންދުރު ކާންދޭން ސުލައިމާނު ސަރުދާރު ދުރުވުމުން އެސިޓީއާއި ގަލަމާއި ބާކީވި ދެގަނޑު އޭނާއަތަށް ދިނުމުން ގަނޑުތަކަށް ބަލާލައިފާ އެއްޗެކޭ ނުބުނުއްވާ ގެންދަވައިފިއެވެ. ދެންވާނީ ކިހިނެއްތޯ ސުލައިމާނު ގާތުގައި އަހާލުމުން ޑިފެންސުން ޖަވާބެއްދެއްވަންދެން ޖެހޭނީމަޑުކުރާށޭ ބުނުއްވިއެވެ. 30 މިނެޓްގެ މިވަގުތުކޮޅު ބޭނުންވާ ސަބަބަކަށް ލިޔުނީ، ކަސްރަތުނުކޮށް ގައިގާސާފު ފެންފޮދެއް އަދި މޫދުގެ ލޮނުފޮދެއް ނުޖެހޭތާ ގިނަދުވަސް ވެފައިވާތީ، ހުޅުހުޅުގައި ރިއްސާއި ފަލަވާގޮތްވެ، މުޅިހަށިގަނޑުގެ އެތަންމިތަނަށް ތަދުވާތީ މިކަންތައް ކުރެވޭނެގޮތް ހަމަޖައްސަވައި ދެއްވުންއެދިއެވެ.
އަދި މިއަދާހަމައަށް ވެސް ފެންވެރެނީ ކޮންމެހުކުރު ދުވަހެއްގައިކަމަށް ސިޓީގައި ފާހަގަކޮށްލީމެވެ. ދުވަސްގުނުމާއި ބަކަރިކޮށީގެ މަޖާތައްބެލުމުގައި ގޮޅީގައި ހުންނަނީއެވެ. މިހާރު ގޮޅީތެރޭގެ ތަންތަނަށްއަރާއި އިތުރުތަންތަންބަލާ ހަދަމެވެ. ގޮޅީގައި އަޅާފައިހުރި ލޯވަޅުތަކުން ބަރާބަރަށް ދޫނިދޫގެ އެހިސާބުން ފެންނަތަންތަން މޮނިޓަރކޮށް ގިނައިން ބަލާހަދަމެވެ. އަދި އަބަދުވެސް ޖަލުގެ ޔައުމިއްޔާއަށް ބޭނުންވާނެ މުހިންމު ނުކުތާތައް ނޯޓްކުރަމެވެ.
14 ފެބްރުއަރީ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 54 ވަނަދުވަހެވެ. މިއަދު މެންދުރުކުރިން ގޮޅިންނެރުނެވެ. ގެންގޮސް ބޭންދީ، ވ.ޅަހުއްތުއާއި މޯރާތައުފީގު ކުރިމަތީގައެވެ. ވިދާޅުވީ، އިލްޔާސް މިގެނެވުނީ މިނިސްޓްރީ އޮފް ޑިފެންސަށް އިލްޔާސް ލައްވާފައިވާ ސިޓީއަށް، ޑިފެންސުން ދެއްވިޖަވާބު ބުނެދޭށެވެ. މިހާރުމިއޮތީ، މިއަދުންފެށިގެން އިލްޔާސް އެދިލެއްވިގޮތަށް އެދިލެއްވި ކަންތައްތައް ހަމަޖެހިފައެވެ.
މިހާރުވާނީ، ސުލައިމާނު ސަރުދާރަށް މިކަންތައް ހަމަޖައްސައި ދިނުމަށް އަންގާފައެވެ. އަދި އަޅުގަނޑުގެ ކުރިމަތީގައި ވެސް ޑިފެންސުން ހުއްދަދެއްވި ކަންތައްތައް އިލްޔާސްއަށް ކޮށްދިނުމަށް ސުލައިމާނަށް އެބޭފުޅުން އެންގެވިއެވެ. މިއަދުމިޓީމުން، ކުރެއްވިހާ ވެސް ކަމަކީ މިއެވެ. މާގިނަ އިތުރު ވާހަކައެއް ނުދައްކަވައެވެ. އަޅުގަނޑު ގެންގޮސް ހުރިގޮޅިއަށް ލައިފިއެވެ. ބަރާބަރު މީގެދެދުވަސް ފަހުން، 16 ފެބްރުވަރީ 1991 ވީހޮނިހިރު ދުވަހު ސުލައިމާނު ދުރުވެގޮޅި ހުޅުވައިގެން އަޅުގަނޑުނެރެ، ގަވާއިދުން މޫދަށް ގެންދަން ފައްޓައިފިއެވެ.
އެހެނަސް ކަސްރަތު ކުރުމަށްދެއްވި، 15 މިނެޓް ސުލައިމާނަށް ވަގުތުނެތިގެންނޭ ކިޔުއްވާފައި ނުދިނެވެ. އެހެނަސް މޫދުގައި، 20 މިނެޓްވަރު ފުރަތަމަ ދުވަހުވެސް ވިއެވެ. މިއަދަކީ ވަރަށްހިތްހަމަ ޖެހުންލިބުނު ދުވަހެކެވެ. މޫދުތެރޭގައި ކަސްރަތުކޮށްލާއި އެކިގޮތްގޮތަށް ފަތާލާއި މަޖާކޮށް ހަދާލަން ލިބުނު ފުރަތަމަ ދުވަހެކެވެ. ވަރަށްގިނައިން ގައިއުނގުޅާއި އަތްގޮށިން ލޮނުނަގައި ނޭފަތުގައި ޖައްސައިގެން އެތެރެއަށް ދަމާލާ ލޮނުން ނޭފަތް ސާފުކޮށް ވީހާގުނައިރަކު ފައިނުޖައްސާ މޫދުތެރޭގައި އުޅެވޭތޯ ބެލީމެވެ.
ބައެއްދުވަސް ދުވަހު މޫދުގައި، 30 މެނެޓްވަރުވެސް ވެއެވެ. މަދުފަހަރެއްގައި އެއަށްވުރެވެސް ނިގައިރުވެއެވެ. ރޮލާއި ދިރޭމަސް ކާން ދަސްވީ މިދުވަސްވަރު މޫދުތެރޭގައި އުޅުމުގައެވެ. ރާބުޅާފަދަ ކުދިމަސް ހިފައިގެން ހުރިގޮތަށް މޫދުލޮނާއެކު ކައިހަދަން ފަށައިފީމެވެ. ބޮލުންފަށާގޮތަށް އެއްކޮށް ކާލައި ހުސްކޮށްލެވެއެވެ. ފަހުން އައިސް ވަރަށް މީރުވެސް ވެއްޖެއެވެ. ސަޢުދި އަރަބިޔާގައި އުޅުނުއިރު ރޮލާބަކަރިމޭ ލަނގޮޑި ހުރީ ކާންދަސް ވެފައެވެ.
ކަތިލާގޮތަށް ނަގައިގެން ކާލާހަދަމެވެ. ކޭންޕްތަކުގައި އުޅޭއިރު ބަކަރިފަދަ ޖަނަވާރުތައް ކަތިލާހަދަނީ ވެސް އަމިއްލައަށެވެ. އަޅުގަނޑެވެ. އަދި ހައްޖުގެ އަޅުކަމުގައި ގެރި ޖަމަލު ބަކަރި ކަތިލާ ހެދީމެވެ. އެހެންވުމާ އެކު ރޮލާކުދިމަސް ކާލުމަކީ އަޅުގަނޑަށް އުދަގުކަމެއް ނޫނެވެ. މީރުއެއްޗެކަށްވަނީ ވެފައެވެ. މިނިސްޓުރީ އޮފު އޮޓޮލްސްގައި އުޅުނުއިރު ރާއްޖެތެރެއަށް ގޮސް ކިޔޮޅުކަމުގައި އުޅޭއިރު ބޭނޭކުދިމަސް ރޮލާކާތަން ފެނިގެން ދޯނިމަތީގައި ބައެއްމީހުން ހޮޑުލާހަދާފައި ވެއެވެ. ޚާއްސަކޮށް ޅ.އަތޮޅުދޯނީގައި އުޅުނު މީގެތެރެއިން މީހަކު މިހާރުފެނުނަސް އަޅުގަނޑަށް ކިޔާއުޅެނީ ރޯމަސްކާމީހާއެވެ.
އާދެ! ސުލައިމާނު ހަމަޖެއްސެވީ، ހަފްތާއަކު، 3 ދުވަހުމޫދަށް ނެރޭގޮތަށެވެ. މިގޮތަށް ހަމަޖެއްސީ އަޅުގަނޑުވެސް އެއްބަސް ވެގެންނެވެ. މީގެފަހުން ބަރާބަރަށް ހަފްތާއަކު، 3 ދުވަހުމޫދަށް އެރުވައެވެ. މޫދަށްއެރި ނިމުމުން، ގިފިއްޔަށް ގެންގޮސް ފެންވަރުވައެވެ. ފުރަތަމަ ދުވަހު ފެންވަރާ ނިމިގެން ގޮޅިއަށްލާފައި ސުލައިމާނު، އަޅުގަނޑުއަތަށް ކުޑަވަރެއްގެ ފުޅިއެއްދީފައި ބުނުއްވީ މޫދުންއައިސް ގައިގާ މިފުޅިންތިޔޮ ވަށާށެވެ. އޭރުން ވަރަށް ރަނގަޅުވާނެއެވެ.
އަޅުގަނޑުމިއީ ކޮންކަހަލަ ތެލެއްތޯ ވަސްގަނެ ބަލައިލުމުން މިއީ ޒައިތޫނިތިޔޮކަން ކަށަވަރުވިއެވެ. އަޅުގަނޑު ވިސްނާލުމުން ކަށަވަރުކުރެވުނީ، ސުލައިމާނު ތިޔޮފޮދެއް މިގެނެސް ދިނީ، ބިޑިއެޅުވުމުގެ ސަބަބުން ހަށިގަނޑުގައި ކަޅުވެ ކުރަމަގާލި ލާފައިހުރިތަންތަން އަލިކުރުމަށް ކުރެއްވި ކަމަކަށެވެ. މޫދަށްއެރޭތާ ހައެއްކަދުވަސް ކޮށްފައި އެއްދުވަހަކު ސުލައިމާނު ބުނުއްވައިފިއެވެ. އިލްޔާސްގެ ދެއަތުގައިކަޅުވެފައި ހުރިތަންތަން މިހާރުއެބަ އަލިވޭނޫންތޯއެވެ. އަދި ތިޔޮކޮޅުހުސް ނުވޭތޯއެވެ؟
އަދި ނުވާކަމަށް ދެންނެވީމާވެސް އަނެއްދުވަހު ކުޑަސައިޒުގެ ޒައިތޫނި ތިޔޮ ފުޅިއެއް ސުލައިމާނު ސަރުދާރު، އަޅުގަނޑަށް ގެނެސްދެއްވިއެވެ. ސުލައިމާނު ބުނުއްވިހެން މިތެލުގެ ސަބަބުން ވަރަށްއަވަހަށް ގައިގާހުރި ކަޅުތަންތަން އަލިވެ ސާފު ވެއްޖެއެވެ. މޫދަށްއެރިފައި އައިސްގައިގައި ޒައިތޫނިތެޔޮ ވަށަންފެށިފަހުން ހަންގަޑަށާއި ބޮލަށް، އަދި ސިކުނޑިއަށް އަރާމުތަކެއްލިބި ވަރަށްފަސޭހަވާން ފަށައިފިއެވެ. ތާޒާކޮށް ހުންނަން ފަށައިފިއެވެ. ސާފުތާޒާކަން މަތީގައި ހުރެވެންފެށީމާ ވަރަށްއުފާވެއެވެ.
އަބަދުވެސް ހުރެވެނީ، ގައިގައިހުންނަ އިސްތަށިތައް ރީތިކޮށްލަކޮށްލައެވެ. އަޅުގަނޑު ގައިގާވެށުމަށް، ސުލައިމާނު ސަރުދާރު ޒައިތޫނިތިޔޮ މިގެނެސްދެނީ މާލެގެންދަން ފަށަންވާއިރަށް އަޅުގަނޑު ގައިގައިހުރި ލަކުނުތައް ސާފުކުރަންކަން ފަހުންވިސްނުނެވެ. ދެން ގޮޅިގައި އިތުރަށް ކުރާކަމަކީ، ބަކަރިކޮށީގައި އުޅޭބަކަރިތަކަށް ބެލުމެވެ. ދެން ދުވަސްގުނުމެވެ. ދުވަސްގުނަނީ ކުނަލުންނެގި ވަކަގަނޑެއްގައި ގޮށްޖަހައި ގެންނެވެ. މިހާރުވެސް ގޮށްޖެހި ވަކަގަނޑު އަޅުގަނޑު އަތުގައި ބާއްވާފައި އޮންނާނެއެވެ. ކަލަންޑަރަކީ ވެސް ތަސްބީހަ އަކީވެސް އެއީއެވެ. އެއިން ވަރަށް ގިނަބޭނުން ހިފުނެވެ. އެވަކަފަތި ފޮޓޯގައި އެވަނީއެވެ. ގޮޅީގައިހުރި ލޯވަޅުތަކުން ދޫނިދޫގެ އެހިސާބުގަނޑު ބަރާބަރަށް ބަލާއިމޮނިޓަރ ކުރަމެވެ. ކިޔެވުމާއި ނަމާދުކުރުމުގައި ގިނަވަގުތުހޭދަ ކުރަމުން ގެންދަނީއެވެ. އެނޫންކަންތަކެއް ނުކުރަމެވެ.
11 މާޗް 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 79 ވަނަދުވަހެވެ. މިއަދުހެދުނު ސައިދިނުމަށް ފަހު، ކުޑައިރުކޮޅެއް ފަހުން، 8:30 އެހާކަންހާއިރު ސުލައިމާނު ސަރުދާރުދުރުވެ ބުނުއްވައިފިއެވެ. އިލްޔާސް، މާލެދާންއެބަ ޖެހެއެވެ. 9:30 އަށް، ތަންޔާރުވެގެން ހުންނަވާށެވެ. އެއްގޮތަކަށް ވެސް، އަހާއަހާވެސް ވަކިކަމެއް ނުބުންޏެވެ. ސުލައިމާނު އެންގެވީ، ތައްޔާރުވެގެން ހުރުމަށެވެ. ބަރާބަރު، 9:30 ގައި ސުލައިމާނު ދުރުވެގޮޅިން ނެރެގެން ގެންގޮސް އެރުވީ، މާލެދާންތައްޔާރު ކޮށްފައިއޮތް ލޯންޗަކަށެވެ. މާލެގެންގޮސް ވެއްދީ މޭނާޖަލަށެވެ.
މިއީ އޯކިޑްމަގުގައި ހުންނަ ގައުމީހޮޓާބިއްދަށުގައި ހަދާފައިހުންނަ އެކިކަންކަމުގައި މާލެގެންނަ ކުށްވެރިން ބައިތިއްބުމަށް، ހަދާފައިހުންނަ ކުޑަވަރެއްގެ ވަގުތީޖަލެކެވެ. މާލޭގައި ހުންނަވަގުތު ކާންދެނީވެސް މިތަނުންނެވެ. އަލިހޮއްކޮ އޭކިޔާ ވަރަށްމުސްކުޅި މީހަކު، މިތާގައިތިބޭ މީހުންނަށް ކާންދީހަދަން ހުރެއެވެ. އިރުކޮޅަކު މިތާގައި ބައިންދާލާފައި ގެންގޮސް އެރުވީ ސަފައިންގެ ބަހަކަށެވެ. މިބަސްދުއްވަމުން ދިޔައީ އަތޮޅުފިހާރަތަކާ ދިމާއަށްކަމުން މިގެންދަނީ، ކޯޓަށްކަން ކަށަވަރު ވެއްޖެއެވެ. ބަސްމަޑުކޮށްލީ، ކޯޓްނަންބަރު، 6 ގެކުރިމައްޗަށެވެ.
ސިފައިންގެ މީހަކު، އަޅުގަނޑުގެންގޮސް އެތެރެއަށް ވައްދާއިކޯޓްތެރޭގައި ހުރިއަދުރާދަ ގޮނޑިއެއްގައި ބައިންދައިފިއެވެ. އޭނާ އަޅުގަނޑު ކައިގައި ކޮޅަށް ހުއްޓިހުރީއެވެ. އިރުކޮޅަކަށް ފަހު، މިސިފައިންގެ ކުއްޖާފޫހިވެގެން ހުންނަނީ، ކޯޓުންބޭރަށް ނުކުމެ ދޮރުމަތީގައެވެ. މިއަށްފަހު އަޅުގަނޑަށް ކޯޓްތެރެއިން ފެންނަކޮންމެ މީހަކާވާހަކަ ދައްކަން ފަށައިފީމެވެ. އެމީހުންވެސް ދައްކައެވެ. ގެއަށް، ޖަވާހިރުވާދީއަށް އަޅުގަނޑު މިތާނގައި އިންވާހަކަ އަންގާލަދިނުމަށް ވާހަކަދެއްކި ކޮންމެމީހަކު ކައިރީގައި އެދުނީމެވެ.
މިއަދު މިގެނައީ، ކުރިން ހިންގާފައިއޮތް، އިލްޔާސްއާއި ސަޓޯގެ މަޝްހޫރު ކެސެޓްރޯލްގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކުގައި ސޮއިކުރުވާށެވެ. އަޅުގަނޑު ބަންދު ކުރުމުގެ ކުރިންވަނީ މިކަމުގެ ޝަރީއަތް އެއްދުވަހު ބާއްވާފައެވެ. އަޅުގަނޑަށް ކޯޓުން ދެއްކިލިޔުން ކިޔާލުމަށްފަހު، ހިތަށްއެރީ އެލިޔުމުގައި ސޮއިކުރުމާ ދެކޮޅުހެދުމަށެވެ. މިބަޔާނުގައި ސޮއިނުކުރާނެ ކަމަށް ދެތިންފަހަރު ގަދައަޅާ ބުނުމުން، ކުޑަކޮށް ގާޒީވާހަކަ ދައްކާލެއްވުމަށް ފަހު، ތިރިޔަށްގެނެސް ކުރިންއިން ގޮނޑީގައި ބައިންދައިފިއެވެ.
އަޅުގަނޑު ސޮއިނުކުރުމަށް ގަދަހަދާލީ، މިމައްސަލައާގުޅޭ އަނެއްޚަސްމު ކަމުގައިވާ، އެންދެރިމާގޭ އިލްޔާސް ހާޒިރުނުކޮށް ނުދެނީސް ސޮއިނުކުރާނެ ކަމަށްބުނެ ހުއްޖަތު ދައްކަމުންނެވެ. ސަޓޯގާނޫނީ ބަންދެއްގައި ދޫނިދޫގައި ހުންނަވަނިކޮށް ފޯނުންވާހަކަދެއްކެވި، އެންދެރިމާގެ އަލްފާޟިލް އިލްޔާސް އިބްރާހީމް، މިކޯޓަށް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކޮށް، މިއީއޭނާގެ އަޑުތޯނޫންތޯ ބެއްލެވުމުންނޫނީ ސޮއިނުކުރާނަމޭ ބުނެފީމެވެ. މިއީއޭނާ ފޯނަކުން ދައްކަވާފައިވާ ވާހަކަތަކެއްކަން، ގާޒީގެ ކުރިފުޅުމަތީގައި އޭނާއެއްބަސްވެ، އިޢްތިރާފް ވެލެއްވުމުންނޫނީ، މިއީފޯނުކޯލެއް އަޑުއެހުން ކަމަކަށް އަޅުގަނޑު ސޮއިނުކުރާ ނަމޭބުނެ، ސޮއިކުރުމަށް އަނެއްކާވެސް އިންކާރުކޮށްފީމެވެ.
ގާޒީއާ މިއަރާރުންވާން ބައިގަޑިއެއްހާ އިރުހޭދަކުރުމުން އަނެއްކާވެސް ގެނެސްތިރީގައި ހަމައެގޮނޑީގައި ބޭންދީއެވެ. މިފަހަރު ފޮނުވާލައްވަމުން ގާޒީވިދާޅުވީ މިފޮނުވަނީ، 10 ވަރަކަށް މިނެޓްވަރު އިލްޔާސް ވިސްނާލެއްވުމަށެވެ. އޭރުން ފަހަރުގައި އިލްޔާސްގެ ވިސްނުން ބަދަލުވެދާނެއެވެ. މިފަހަރު އަޅުގަނޑު މައްޗަށްނާރުވާއި ގާޒީތިރިއަށް ވަޑައިގެން ތިރީގައިހުރި ކޮޓަރިއަކަށް އަޅުގަނޑު ވެއްދުމަށް ފަހު، ވިދާޅުވަނީ ސޮއިކޮށް ލެއްވީމާ މިހާހިސާބުން މިމައްސަލަ ނިމުނީއެވެ. ފެށިފައިއޮތް މައްސަލައަކަށް ވާތީ، ނިންމާލެވޭނީ މިބަޔާނުގައި ސޮއިކުރުމުން ކަމަށް ވިދާޅުވުމުން އަޅުގަނޑު ހިތަށްއެރީ، ދެންވީ އަވަހަށް ސޮއިކޮށްލާށެވެ.
އޭރުން ދެންމިކަމުގައޭ ކިޔާފައި އިތުރަށް ނުގެންނާނެތާއެވެ. ގާޒީމިގޮތަށް ގިނަވާހަކަތަކެއް ދެއްކެވެމުން އަޅުގަނޑު އެބަޔާނުގައި ސޮއިކުރާނެކަމަށް ދަންނަވައި ފީމެވެ. މިއަށްވުރެ މާބޯޑެތި މައްސަލަތައް ކުރިމަތީގައި ފުނިޖެހިފައި ހުރުމުން، ކެސެޓްރޯލްގެ ބަޔާނުގައި ސޮއިކުރުމަށް އަޅުގަނޑު، އަޒުމްކަނޑައެޅީއެވެ. ދެން އިރިކޮޅެއްގެ ތެރޭގައި މައްޗަށް އަރުވާފައި އެބަޔާން ދިނުމުން ސޮއިކޮށްލައިފީމެވެ. މިހާހިސާބުން މިއަދުގެބައި ނިމުނީއެވެ.
މިކަންކުރުމުގެ އަނެއްބޭނުމަކީ ކޯޓުގައި ގިނައިރު ކޮށްގެން، މާލެތެރޭގައި މިވާހަކަ ދެއްކުމާއި މާލެގެނެސްގެން އުޅޭކަން ގޭގެމީހުންނަށް އެންގުމަށެވެ. އިރުކޮޅެއް ނުވަނީސް ސިފައިންގެ ބޭފުޅާދުރުވެ އަޅުގަނޑު ކޯޓުން ނެރެފިއެވެ. ކޯޓުންނެރުނުއިރު ކޯޓުގެބޮޑުދޮރު ކުރިމަތިން، ދޮންދައްތަ (ޖަވާހިރުވާދީ އިލްހާމް ހުސައިން) އާއި ތ.އޮމަދޫ ނަސީރުބެއާ ބައްދަލުވެއްއެވެ. މިވެރިންއައިސް މިތިބީކޯޓުގެ ކުއްޖަކު ފޯނުކޮށްފައި ދޮންދައްތަކާރީގައި އަޅުގަނޑުގެނައި ވާހަކަބުނުމުން އަޅުގަނޑާ ބައްދަލުކުރާށެވެ. ނުވަތަ އަޅުގަނޑު ފެނޭތޯއެވެ. ނަސީބު ރަނގަޅުކަމުން ދިމާވީއެވެ. ވާހަކަވެސް ދެކެވުނީއެވެ.
ފެނިހަތަރުކަޅި ހަމަވުމުން ފުރަތަމަވެސް ބައްދާލާފައި ސަލާމްކޮށް ލެވުނީއެވެ. ވަރަށްއުފާވިއެވެ. ސިފައިންގެބޭފުޅާ ވަރަށް ތައްކަތެވެ. ވާހަކަނުދައްކާށޭ މަޑުމަޑުން ބުނެލިއެވެ. އޭރުއޮތީ ބުނަންޖެހޭމުހިންމު ވާހަކަތަކުގެ މެސެޖްތައް ދީފައެވެ. ދިމާވިގޮތުން ބަސްކާރި ނުކުރެވިގެން ވަގުތުކޮޅެއް ވެސްލިބުނީއެވެ. ދޮންދައްތަގެ ފަރާތުން، ވަހީދުބޭ ރާއްޖެއިންބޭރަށް ފުރުއްވައިފި ޚަބަރުލިބުނެވެ. މާމަގެބަލި ހާލުގެ ވާހަކަކިޔައި ދިނެވެ. ދެން ބަހަށް އަރުވައިގެން ގެނެސްބޭލީ ސީދާލޯންޗަށެވެ. ދޫނިދޫއަށް ގެންގޮސްވެއްދީ، ހަމަކުރިންވެސް ހުރިގޮޅިކަމުގައިވާ، 30 ނަންބަރު ގޮޅިއަށެވެ. ދޫނިދޫއަށް އާދެވުނީ، 1:45 އެހާކަންހާ އިރުއެވެ.
ގޮޅިއަށް ގެންދިޔައިރު މިއަދަކީ، ދޫނިދޫގައި ތަހުގީގުޓީމު އައިސްގެން އުޅޭދުވަހެއްކަން އެނގުނެވެ. ގޮޅިއަށް ވެއްދިތާ މާގިނައިރެއް ނުވަނީސް ތަހުގީގުޓީމު ތިބިތަނަށް އަޅުގަނޑު ނެރެގެން ގެންގޮސްފިއެވެ. ވ.ޅަހުއްތާއި މޯރާތައުފީގާއި މުހަންމަދު އިބްރާހީމް އިންނެވިއެވެ. މިގެނެވުނީ، އިލްޔާސްސަޓޯގެ ކެސެޓްރޯލާ ބެހޭގޮތުން ސުވާލުކޮށް ލުމަށްކަމަށް ބުނުއްވައިފިއެވެ. ކުރިން، އިލްޔާސް ދީފައިވާ މައުލޫމާތަކީ ތަހުގީގަށް ދީފައިވާދޮގު މައުލޫމާތެއްކަމަށް ލިޔުއްވާފައި ފަހުން އަޅުގަނޑަށް އެކެސެޓްރޯލް ލިބުނީ، އެއްބަނޑުއެއްބަފާ ކޮއްކޮ ހަންދު އަތުންކަމަށް ލިޔުއްވައި މިގޮތަށް ބަޔާނެއްގައި ސޮއިކުރުވައިފިއެވެ. ސޮއިކުރުވީ ރަފްބަޔާނެއްގައެވެ.
މިބަޔާން ނިންމާލަމުން، އެނގިހުރި މައުލޫމާތުތަކެއް ތަހުގީގަށް ނުދިނުމަކީ، ތަހުގީގަށްދޮގު މައުލޫމާތުދީ އޮޅުވާލުން ކަމުގައި ލިޔުއްވާފައި އޮތެވެ. ރަފްބަޔާނުގައި ސޮއިކުރުމުން ގެންގޮސްލީ ގޮޅިއަށެވެ. ހަވީރު، 5:30 ގައި އަނެއްކާ ބަލާއައިސް ނެރެގެން ތަހުގީގުޓީމުގެ މޭޒުދޮށަށް ގެންގޮސް ބައިންދައިފިއެވެ. މޯރާތައުފީގު ބުނުއްވީ، މިހާރުމިއޮއްތީ ރީތިކޮށްލިޔެ ހަތަރުކޮޕީ ހަދާފައެވެ. މިބަޔާނުގައި ސޮއިކޮށްލަން ވީއެވެ. މިނެރުނީ މިބަޔާން ނިންމާލަން ވެގެންނެވެ.
އަޅުގަނޑު ކިޔާލުމަށް ފަހު، ހަތަރުކޮޕީގައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހަންޖެހޭ ތަންތާގައި އިނގިލީގެ ނިޝާންޖަހާ ނިންމާލީމާ، ގޮޅިއަށް ގެންގޮސް ލައިފިއެވެ. މިކުރެއްވި ކަމަކީ، ކޮބައިކަން ރަނގަޅަށް އަޅުގަނޑަށް ވިސްނުނެވެ. ތަހުގީގުގެ މަޖިލީހުގައި ދޮގުހެދުމުން އެކަމާގުޅިގެން ހުކުމެއް އިއްވަންވެގެން ބަޔާނެއް ނިންމާލެއްވީކަން ރަނގަޅަށް އަޅުގަނޑަށް ވިސްނުނެވެ. މިއުޅެނީ މިމައްސަލަ ވަކިމައްސަލައެއްގެ ގޮތުގައި ކޯޓަށް ފޮނުވައިގެން ހުކުމެއް އިއްވަންކަން އެނގުނެވެ. 30 ނަންބަރު ގޮޅީގައި އޮންނަނީއެވެ.
އަޅުގަނޑު ގޮޅިއަށް ލުމަށްފަހު، ގިނައިރެއްނުވެ ތަހުގީގުޓީމު ފުރައިފިކަން އަޅުގަނޑަށް ގޮޅީގައިހުރި ލޯވަޅުތަކުން އެނގުނެވެ. މިލޯވަޅުތަކުން ބަލައިގެން ދޫނިދޫގެ އެހިސާބުގައި ހިނގާހުރިހާ ކަމެއް މޮނިޓަރކޮށް ފާރަލާހަދަމެވެ. މިއަދުގެ ވާހަކަތަކުން ރޯދަމަސް ވަރަށްކައިރި ވެފައިވާކަން އެނގުނެވެ. ގޮޅިއަށް ގެނައި މަގުމަތީގައި ސުލައިމާނު ކައިރިން ރޯދަމަސް އަންނަނީ ކޮންއިރަކުންތޯ އަހާލުމުން އަނގައިން ނުބުންޏެވެ. ގޮޅީގައި ދުވަސްގުނަން އާދަކާދައިގެމަތިން އޮންނަނީއެވެ.
13 މާޗް 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 81 ވަނަ ދުވަހެވެ. މިއަދުހަވީރު، 5:00 އެހާކަންހާއިރު، ސުލައިމާނު ސަރުދާރު ދުރުވެ އެންގެވީ، ހުރިހާއެއްޗިއްސާއެކު ގޮޅިންނުކުތުމަށެވެ. އަވަހަށް އަތުގައިހުރި މަދުއެތިކޮޅު އެއްކޮށްލައިގެން ނުކުތުމުން، އަޅުގަނޑު ގޮވައިގެންގޮސް ވެއްދީ، ދޫނިދޫޖަލު ސަރަހއްދުގައި ސިމެންތިން ހަދާފައިހުރި ގޮޅިތަކުގެ، 15 ނަންބަރު ގޮޅިއަށެވެ. މިއީގޮޅިބަދަލު ކުރުމެކެވެ. އަނެއްކާވެސް ބޮޑުއިތުރުލުޔެއް ލިބުނީއެވެ. މާބޮޑުތަން ފަސޭހަވީއެވެ. ބަކަރިކޮށިކައިރިން ރަސްމީޖަލު ތެރެއަށް ބަދަލުވީއެވެ.
ޓިނުގޮޅިން ސިމެންތި ގޮޅިއަކަށް ބަދަލުވީއެވެ. ކުރިންތިބީ އަނިޔާކުރުމަށް ވަގުތީގޮތުން ބަޔަކަށް ބޮޑުއަގުދީގެން ހައްދާފައިހުރި ޓިނުގޮޅި ތަކުގައެވެ. މިއަދުންފެށިގެން މިބަދަލުވެވުނީ ރަސްމީ ދޫނިދޫޖަލަށެވެ. މިފަހަރު ބަދަލުކުރިއިރު ސިމެންތިން ހަދާފައިހުރި މިގޮޅިތަކުގެ އެއްއަރިމަތީގައި ކޮންމެގޮޅިއެއްގައި ވެސް ގޮޅިތެރެއިން ވަދެވޭގޮތަށް، 4 ފޫޓު 4 ފޫޓުގެ ފާޚާނާބައެއް ސިމެންތިން ޝީޓުއަޅައިގެން ހަދާފައި އިސްކުރަކާއި ތިރިތައްޓެއް ބަހައްޓާފައި ހުއްޓެވެ. އަދި ބޮލާހިސާބުގައި ދަގަނޑުތޭރި ލައްވައިގެން ތިންފޫޓް ދެފޫޓްގެ އާންގައެއް ހަދާފައި ހުއްޓެވެ. މިއާންގައިގެ ބޭނުމަކީ ވައިވެއްދުމާއި ފާޚާނާތެރޭގައި މީހަކުއުޅެއްޏާ އުޅޭކަން ކަށަވަރު ކުރުމެވެ.
މިއިސްކުރުގައި ހުންނަނީ ދޫނިދޫވަޅުންލިބޭ ލޮނުފެނެވެ. ފެންވެރުމަށް ކޮންމެދުވަހަކު ވެސް، 10 ލިޓަރުގެހަމެއް ގޮޅިއަށް ގެނެސްދެނީއެވެ. ބޯންގެނެސްދެނީ، 2 ލިޓަރުގެ ކުކިންގ އޮއިލްހުސްކުރި ފުޅިއެއްގެފެނެވެ. ސައިބޯނި ގެނެސްދެނީ ހުސްވީމާބުނުމުން ސައިބޯންޏެކެވެ. މިގޮޅިތަކުގައި ފާޚާނާގެ، މިބަޔަކީ ގޮޅިތަކަށް އަލަށް އިތުރުކޮށްފައިވާ ބަޔެކެވެ. މިކަންމިކުރީ ރޯދައަށްކަން ގަބޫލުކުރެވެއެވެ. މިހާރުބޭނުމިއްޔާ ބޭނުންއިރަކު އިސްކުރުފެނުން ފެންވަރާލެވެއެވެ. ރީތިފެނުން އިތުރަށް ފެންވަރަން ބޭނުމިއްޔާ ޖެހެނީ ފެންރައްކާކޮށްފައި ބަހައްޓާށެވެ. ލޮނުފެނުން ފެންވަރާފައި ރީފިފެންފޮދެއް ގަޔަށް އަޅާލަނީއެވެ. އިސްކުރު ހުންނަނީ ވަރަށްތިރީގައެވެ.
ފާޚާނާތެރޭގައި ރަބަރުބާލިދީއަކާއި ކުޑަވަރެއްގެ ޖަގެއްބަހައްޓާފައި ހުއްޓެވެ. ފެންބޮލަށް އަޅަންޖެހެނީ މިޖަގުންނެވެ. އަދި މިފަހަރު މިބަޔަށް ބަދަލުވިއިރު ގޮޅީގައި ކުޑަމޭޒަކާއި ޕްލާސްޓިކް ގޮނޑިއެއް ވެސް ބަހައްޓާފައި ހުއްޓެވެ. މިކަމާހެދި އިތުރުފަސޭހަތަކެއް ލިބިގެން ދިޔައެވެ. މިހާރަކަށް އައިސް މިފަދަލުއިތައް ޖަލަށް މިއަންނަނީ ބައިނަލް އަގްވާމީ ފެންވަރުގައި ޕްރެޝަރ އަންނާތީއެވެ. ސިޔާސީ ބަޔަކު ޖަލުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށް ހަދާތީ މިކަމާސުވާލު ކުރާފަރާތްތައް ގިނަވާތީއެވެ. މިފަސޭހަތަކާއެކު، ކައިބޮއިހަދަނީ މޭޒުކައިރީގައި އިނދެގެންނެވެ. ވަރަށްގިނަ ކަންކަމަށް މޭޒުބޭނުން ކުރެވެއެވެ.
ދޮރުކުރިމަތީގައި ކޮޅަށްހުންނަ ހުރުން މިހާރުގޮނޑިއަށް ބަދަލުވީއެވެ. އަބަދުވެސް ގޮނޑީގައި އިށީދެއިނދެގެން ގޮޅީގެދޮރުން ބޭރުބަލަން ގިނަވަގުތު ހޭދަކުރަމެވެ. މޫދަށްއެރުމަށް ނެރުމުގެތެރޭގައި އެއްދުވަހަކު ފެނުނު، ދުނިކީސްތިލަ ބުރިވަރެއް ނަގައިގެން ގެނެސް، އަޅުގަނޑު އަތުގައި ފޮރުވައި ގެންގެންގުޅެމެވެ. މިއީ ގާތްގަނޑަކަށް، 5 އިންޗިވަރުގެ ބުރިވަރެކެވެ. އަޅުގަނޑު ގެންގުޅެނީ، މިބުރިވަރުގެ އެއްކޮޅު ގޮޅީގައި އޮންނަ ތަޅުންކޮޅުގައި ކާއްތަކާއްތައި ތޫނުކޮށް ލައިގެންނެވެ. މިއިންބައެއް މަސައްކަތްތައް ކޮށްއުޅެމެވެ. ދަތްކޮށްޓުމަށް ޓުތްޕިކް ތައްޔާރު ކުރަމެވެ.
ބޯފެންގެނެސްދޭ ކުކިންއޮއިލް ހުސްކުރިފުޅިއެއްގެ ފޫދެއިންޗިއެއްހާ ހިސާބުން، ވަރަށް މަސައްކަތާއެކު ބުރިކޮށްލައިގެން ކުކުޅުތަކަށް ފެންބޯންދޭން ފެންއަލާފައި ގޮޅީގައި ބަހައްޓާނެ އެއްޗެއް ދެތިންދުވަސް ތެރޭގައި ހަދައިފީމެވެ. އެފޫބުރިޔަށް ބޯފެންއަޅާފައި ގޮޅީގެދޮރުމަތީގައި ބަހައްޓައިފީމެވެ. ކުރީފަހަރު މަންތިރި މައްސަލާގަޔާއި އިލްޔާސް ސަޓޯގެ މަޝްހޫރު ކެސެޓްރޯލްގެ ބަންދުގައިހުރިއިރު ކުރިކަމަކަށްވާތީ ވަރަށްއަވަހަށް ކުކުޅުތައް އޮޅުވެމިއިން ފެންބޯން ފަށައިފިއެވެ. މިގޮޅިތައް ހުންނަނީ ހިޔާބޮޑު ތަނެއްގައި ކަމުން ވަރަށްގިނަކުކުޅުހާ މިސަރަހައްދުގައި އުޅެއެވެ.
ބައެއްގަސްގަހުގައި ނިދާހަދާތަން ވެސް ފެނެއެވެ. ގޮޅީގެ ކުރިމަތީގައި ހުންނަގަހަށް އިރުއޮއްސޭ ދަޅައަށް ނިދަންއަރާ ކުކުޅުހާ ބައިވަރު އުޅެއެވެ. މިހިސާބުގަނޑަކީ ކުކުޅުހާލުގެ މަރުކަޒަކަށް ވެއްޖެއެވެ. ގޮޅިތަކުން ކާންދޭމީހުން ގިނަކަމުންނެވެ. އަޅުގަނޑުގެ މަސައްކަތަކީ ކޮންމެއިރަކު އަޔަސް އެސޮރުމެންނަށް މީރުފެން ލިބޭގޮތް ހަމަޖައްސާފައި ބެހެއްޓުމެވެ. ވަރަށްގިނަ ކުކުޅުހާ މިގޮޅިންފެންބޯން ފަށައިފިއެވެ. އަދި އަޅުގަނޑަށް ވީވަރަކުން މިތަކެއްޗަށް ކާންދިނުމާއި އޮޅުކުރަން ފަށައިފީމެވެ.
ބައެއް ކުކުޅާއިހާތައް އަޅުގަނޑުގެ އަތުންކާން ފަށައިފިއެވެ. ވަރަށްއޮޅުކޮށް އުޅޭހާލަކާއި ކުކުޅެއް އުޅެއެވެ. ގޮޅީތެރެއަށް ވަދެއަޅުގަނޑު އަތުން ކައިބޮއިހަދާ ކުކުލާހާވެސް އުޅެންފަށައި ފިއެވެ. މީގެތެރޭގައި އާދަޔާޚިލާފަށް އޮޅުކުރެވުނު ހުދުކުލައިގެ ކުކުޅެއް އުޅެއެވެ. މިކުކުޅަށް އަޅުގަނޑު ކިޔަނީ، “ހުދޭ” އެވެ. ހުދޭއޭ ގޮވާލާއިރަށް ދުވެފައި އައިސް ބޯތިރިކޮށް ލައިގެން އަޅުގަނޑު ފައިކަރީގައި އިށީދެގެން އިނދެ ފައިގައިތުނބުން ކޮށްޓާލަ ކޮށްޓާލައި އިނދެއެވެ. މިއީޅަފިޔޮކަކަށްވާތީ، އިސާހިތަކު ބޮޑުވެބިޔަ ކުކުޅަކަށް ވެއްޖެއެވެ. ދުވާލުގިނަވަގުތު އުޅޭނީ އަޅުގަނޑުގެ ގޮޅީގައެވެ.
ދުވާލުގަޑީގައި ނިދާނީ ގޮޅީގައެވެ. މީތިބިސްއެޅީވެސް އަޅުގަނޑުގެ ގޮޅިއަށެވެ. ބައެއްދުވަސް ދުވަހުގެ ބިސް އަޅުގަނޑު އަތަށްވެސް އަޅުވައި ހަދަމެވެ. އެނދުމަތީގައި ވެސް އިނދެއެވެ. މޭޒުމަތީގައި ވެސް އިނދެހަދައެވެ. އަބަދުވެސް ބައިންދަނީ ފެންވަރުވާ ރީތިކޮށްލާފައެވެ. އަދި ވަރަށް ރައްޓެހިކޮށް އުޅޭރަތްހާލެއް ވެސް އުޅެއެވެ. މީތިއަންނަނީ ވަކިގަޑިގަޑިއަށެވެ. މިދޭތިވެސް ތިބެނީއާދަޔާ ޚީލާފަށް ބޮޑުކޮށެވެ. އަޅުގަނޑަށް ލިބޭހުރިހާ އެއްޗެއް މިކުކުޅާއިހާލަށް ކާންދެމެވެ. ބިހެއްލިބޭއިރަށް ހަދާގޮތަކީ، ވަރަށްކުޑަކުޑަ ދެލޯވަޅު މޮހޮރުން ކޮށްޓައިގެން ބިހުގެ ދެކޮޅުގައިއަޅާފައި އަނގަޖަހާ ދަމާލައިގެން ގޮބޮޅިއާއެކު ބިސްބޮއި ހުސްކޮށްލަނީއެވެ.
މިގޮތަށްހުސް ކޮށްފައިހުރި ބިހުގެ ތޮށިގަނޑުތައް އަޅުގަނޑު ގެންގުޅެނިކޮށް ސުލައިމާނު ސަރުދާރަށް ފެނިގެން އެއްދުވަހަކު ސުވާލުކުރެއް ވިއެވެ. އެހެނަސް އެއީ މާބޮޑުކަމަކަށް އޭނާނުހެއްދެ ވިއެވެ. ތަހުގީގުކޮށް އަދަބުދޭކަށް ނޫޅުއްވިއެވެ. މީގެދުވަސް ގަނޑެއްގެފަހުން ފެންނަނީ ފޯރިޔަށް ތިބޭކުދިން ކުކުޅުތައް ފަހާއި މިސަރަހައްދަށް ވަނަނުދޭން އުޅޭމަންޒަރެވެ. އެހެނަސް މިކަން އެކުދިންނަކަށް މަނަލެއް ނުކުރެވެއެވެ. މުޅިންއާދުނިޔެ އެއްގައި މިގޮޅީގައި ބަންދުވެހުރެގެން ދުވަސްތައް ގުނަމުން ގެންދިޔައީއެވެ.
މިހާރު މިބައިގައި މިވައްތަރުގެ ތިރީހަކަށް ގޮޅި ހަދާފައި ހުރެއެވެ. މިއީ، 8 ފޫޓް، 10 ފޫޓޫގެ، 4 ފޫޓު 4 ފޫޓުގެ ފާޚާނާ ބަޔަކާއެކު ހަދާފައިހުރި ގޮޅިތަކެކެވެ. 18 ނަންބަރުގެ އިތުރުން ހުރީމުޅިންވެސް އަލުންހަދާފައި ހުރިގޮޅިތަކެވެ. އަށިގަނޑު މަތީގައި ވަރަށްރީތި އާގޮދަޑިއެއް ބާއްވާފައި އާބެޑްޝީޓެއް ސްޕެންޖުއާބާލީހަކާ އެކުދީފައި އޮތެވެ. ބާލީހުގެ އުރަވެސް މުޅިންއަލެވެ. ހުރީމުޅިންވެސް އަލަށްގަނެގެން ގެނެސްފައިހުރި އެއްޗިއްސެވެ.
މިގޮޅިއަށް ގެނައުމުން އެންމެއުފާވީ ބޭނުންވާއިރަށް ފާޚާނާކޮށްލާއި ފެންވެރޭތީއެވެ. ކުރިންއެންމެ އުނދަގުކަމަކަށް ވެފައިއޮތީ ފާޚާނާއަށް ދާންވެގެން ގާޑަށްގޮވީމާ، ބަލާއަންނަލެއް ލަސްކަމުންނެވެ. ކޮންމެއަކަސް މިއުނދަގޫތަކުން ސަލާމަތްވީއެވެ. ކިތެންމެވަރަކަށް ފާޚާނާއަށްދާން ޖެހިފައިހުއްޓަސް ބައެއްގާޑުން ނެރޭނީ، އެކުދިންނަށް ނެރެން ފެނުމުންނެވެ. އުނދަގޫވެ އަސަރުކުރާ ތަންކޮޅަކީ މިއެވެ. ﷲގެ އިރާދަފުޅުން މިކަމުންމުޅިން މިންޖުވީއެވެ. އަލްޙަމްދު ލިއްލާހި!
އާދެ! ގާޑުންގެ ފަރާތުން ރޯދަމަސް ވަރަށްގާތްވެއްޖެ ޚަބަރުވަނީ ލިބިފައެވެ. އަޅުގަނޑު ޖަލުތެރެއަށް މިގެނައީވެސް އެހެންވެ ރޯދައަށެވެ. މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު، ގާމާދޫޖަލަށް ބަދަލުކުރިޚަބަރު ލިބުނެވެ. އެއީވެސް ރޯދައަށް ގެނައިބަދަލެކެވެ. ކުރިން، 15 ނަންބަރުގައި އޮތީ، އަބްދުލް ހަންނާނު އަބޫބަކުރު (ހެރިންސް) އެވެ. އެކަން އެނގުނީ މިގޮޅީގައި އޭނާގެނަން ލިޔެފައިއޮތީމާއެވެ. މިއަދުގާމާދޫއަށް ގެންދިޔައީ، އަބްދުލް ހަންނާނާއި އަލީވަހީދާއި މަސްއޫދެވެ.
މިހާރުމިވީގޮތުން ޓިނުގޮޅީގައި ލޯވަޅުއަޅައިގެން ދޫނިދޫތެރެ ބެލިބެލުން މުޅިން ހުއްޓުނީއެވެ. މިގޮޅީގައި އިންނައިރު ފެންނަނީ ގޮޅީގެދޮރުންފެންނަ ހިސާބުއެކަންޏެވެ. ޖަލުތެރެއަށް ބަޔަކުގެނެސް ވައްދަންޏާ ކޮންމެވެސް ވަރަކަށް ފެނެއެވެ. އެއީވެސް ވަކިހިސާބެކެވެ. ބިގޭވެސް މިއަދުޖަލުތެރޭގެ ގޮޅިއަކަށް ގެނެސް ވެއްދިއެވެ. އިބުރޭއާއި ސައްޕެ އަދިވެސް ބަހައްޓާފައި ހުރީޓިނުގޮޅީގައި ބޭރުގައެވެ. ކުކުޅުތަކަށް ކާންދިނުމާއި ފެންދިނުމާއި ގޮޅީގައިއުޅޭ ހިނިތަކަށް ކާންދިނުމާއި މިކަންކަމުގައި ދުވަސްގުނަގުނާ ގޮޅީގައިހުރީއެވެ.
17 މާޗް 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 85 ވަނަދުވަހެވެ. މިއަދަކީ މުލަރޯދަދުވަހެވެ. މިއަހަރުގެ ރޯދަމަހުން، 1 ވަނަދުވަހެވެ. 16 މާޗް 1991 ވީހޮނިހިރު ދުވަހު، މ.ކުރެނގި އަބްދުލް މުޢީދުއާއި އަޒްމީލާއި އަލީރަޝީދު ހުސައިން (ކޮއްކޮ) ގާމާދޫއަށް ބަދަލުކުރިކަން އެނގުނެވެ. ނޯބެއޮތީ ޖަލުތެރޭގައި ހުރިގޮޅިތަކުގައެވެ. 18 ނަންބަރުގައި ނޯބެއެވެ. އަންނިއޮތީ، 7 ނަންބަރުގައެވެ. ހަންދުއޮތީ، 13 ނަންބަރުގައެވެ. އަޅުގަނޑާ ޖެހިގެން ކުރީގައި، 14 ނަންބަރުގައިއޮތީ އަބްދުއްރައްޒާގެވެ. 1 ނަންބަރުގައިއޮތީ އިލްޔާސް އަބްދުﷲ އެވެ. 8 ނަންބަރުގައި އަބްދުﷲ ސަލީމެވެ. 9 ނަންބަރުގައި އަބްދުﷲ ހުސައިންއެވެ.
ބިގޭ މިއަދު، 12 ނަންބަރުން، 3 ތިންނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. ވީގޮތެއްނޭނގެއެވެ. އަދިވެސް ސައްޕެއާއި އިބުރޭ (ކޮއްކޮ، އިބުރާހީމް ރަޝީދު ހުސައިން) ތިބީބޭރުގައެވެ. ޓިނުގޮޅީގައެވެ. މިދެމީހުން ޖަލުތެރެއަށް ބަދަލުކުރީ ރޯދަމަސް ފެށުނުފަހުންނެވެ. 10 ވަރަކަށް ރޯދަ ދިޔަފަހުންކަމަށް ލަފާކުރެވެއެވެ. ސައްޕެއޮތީ، 6 ނަންބަރުގައެވެ. ކޮއްކޮއިބުރޭއޮތީ، 4 ނަންބަރު ގޮޅީގައެވެ. ފަހުން ސައްޕެ، 12 ނަންބަރަށް ބަދަލުކުރިއެވެ. އަދި އޭގެފަހުން ސައްޕެ އެދިގެން، 2 ނަންބަރު ގޮޅިއަށް ބަދަލުކުރިކަން އެނގުނެވެ.
މިކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި ރޯދަމަސްއޮވެގެން އެބަދެއެވެ. މާބޮޑުކަމަކަށް ނުވެއެވެ. ގޮޅީގައި ތިބެނީއެވެ. ބައެއްރައްޓެހި ގާޑުން ތިބޭގަޑީގައި އެކަކުއަނެކަކާ ވާހަކަދައްކާ ހަދަމެވެ. މާބޮޑުކަމަކަށް ގާޑުންނެއް ނުހަދައެވެ. އަންނިއާއި އަޅުގަނޑާއި ފާޅުގައި މެސެޖް ބަދަލުކުރަމެވެ. ބައެއް ފަހަރު ވާހަކަ ދައްކަމެވެ. ބޭނުންވާ ކަންތައް ކުރަމެވެ. އަދި އަންނިކައިރީގައި ބިގޭބުނާ ވާހަކަތައް އަޅުގަނޑަށް ޕާސްކޮށްދެއެވެ. ރޯދަހިފައިގެން ގޮޅީގައި ކިޔަވަން ތިބެނީއެވެ. ވަކިޚާއްސަ ކަމެއް ނޯވެއެވެ.
11 އޭޕްރީލް 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 110 ވަނަދުވަހެވެ. ރޯދަމަހުން ދުވަހަކަށްފަހު ދުވަހެއް އޮވެގެންއެބަދެއެވެ. ކެއުމަށާއި އެހެނިހެން ކަމަކަށްވަކި އިތުރުބަދަލެއް ނާދެއެވެ. މިއަދު ހެދުނު ސައިގަޑީގައި ސުލައިމާނު ސަރުދާރުދުރުވެ މިއަދު، 9:30 އަށް މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށް އެންގެވިއެވެ. 9:30 ގައި ގޮޅިންނެރެގެން ގެންދިޔަގޮތަށް މާލެގެންގޮސް ގެންދިޔައީ ކޯޓްނަންބަރު، 6 އަށެވެ. މިއަދުއޮތީ، އަލަށްއިތުރު ދައުވާއެއް ހުށަހެޅުމެވެ.
އިލްޔާސްސަޓޯގެ މަޝްހޫރު ކެސެޓްރޯލާބެހޭ މައްސަލާގައި އެރޯލް އަޅުގަނޑުއަތަށް ދިންމީހަކު ނޭނގޭކަމަށް ބުނުމަށް ފަހު، ފަހުން އަމިއްލައަށް އެދިން މީހާ އެނގޭކަމަށް ބުނުމުން ތަހުގީގަށް ދޮގު މައުލޫމާތުދީ ދޮގުހެދިކަމުގެ މައްސަލައިގެ ދައުވާއެވެ. މިދައުވާ ކުރެއްވުމަށް ފަހު، ހަމައެދުވަހު ބަޔާނުގައި ސޮއިކުރުވިއެވެ. މިހާ ހިސާބުން މިދައުވާގެ ޝަރީޢަތުގެ ކަންތަކުގެ އަޑުއެހުންތައް މުޅިންނިމުނީއެވެ.
މިއަދު ކުރިކަމަކީ މިކަންތައް އެކަންޏެވެ. ދެންދުވަހަކުން އޮންނާނީ، ހުކުމްއިއްވުމެވެ. މިއަދުވެސް ކޯޓްކައިރިން ދޮންދައްތައާއި ޒަކިއްޔާ ހަސަން (ޒަކު) އާދިމާވިއެވެ. ޖަލުގައި ރޯދަމަހުގެ ކަންތައްތައް ކިހިނެތްތޯ އެމީހުން އެއްސެވެ. ޖުމްލަކޮށް ރަނގަޅޭ ބުނީމެވެ. ޖަލުން އެލިބޭ އެއްޗެއް ބަރާބަރަށް ދެމުން ގެންދެއޭ ދެންނެވީމެވެ. ގޭގެބައެއް ޚަބަރުތައް މިދެމީހުންގެ ފަރާތުން ލިބުނެވެ. މާމަގެ ބަލިހާލު ހުރީބޮޑުކޮށް ކަމުގައި ބުންޏެވެ. ދެން ގެނައިގޮތަށް ދޫނިދޫއަށް ގެނެސްގޮޅިއަށް ވެއްދީއެވެ.
މައުސޫމު ދިވެހި ހޮސްޓަޖުންގެ ގަޔަށް، އިންޑިޔާގެ ހަނގުރާމަ މަތީ މަނަވަރަކުން ބޮޑުބަޑިޖަހާ ދިވެހިންގެ ބަޔަކުމަރާލި ވާހަކަ:
13 އޭޕްރީލް 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 112 ވަނަދުވަހެވެ. މިއަދަކީ ރޯދަމަހުން، 28 ވަނަރޯދައެވެ. އޮވެގެން ޢީދުދުވަސް ކާރިވަނީއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސްބަޔަކަށް ގެއަށްދެވޭނެ ކަމުގެޔަގީންކަން ބޮޑުވަނީއެވެ. ކޮނެމެ މީހަކުވެސް ތިބެނީ އެއުންމީދުގައެވެ. ކޮންމެ މިކަހަލަ މުނާސަބަތެއްގައި ތިބެނީ މިވިސްނުމުގައެވެ. ގެއަށް ދެވޭނެކަމުގެ އުންމީދުގައެވެ. މިއަދުވެސް މާލެއަށް، ކޯޓް ނަންބަރު، 6 އަކަށް ގެންދިޔައެވެ.
މިއަދުކުރެއްވީ އަނެއްކާވެސް މުޅިންއާދައުވާ އެކެވެ. މަންތިރި މަޖައްލާގައި އަޅުގަނޑުލިޔުނު މަޒްމޫނާ ގުޅިގެންނެވެ. ދައުލަތުން މިދައުވާވެސް ހުށަހެޅުއްވީ، ހ.ހާޖަރާގެ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ. މީނާއަކީ، ދިވެހިރޭޑިޔޯއިން ކޮންމެ ރޯދަމަހެއްގައި ސިޔަރަތު ވިދާޅުވެ ދެއްވާ ބޭފުޅާއެވެ. އެޓާނީ ޖެނެރަލް އޮފީހުގެ ސްޓޭޓްއެޓާނީ އެކެވެ. ދައުލަތުން ދައުވާ ކުރައްވަނީ މީނާއެވެ. މިޤަޟިއްޔާގެ ނަންބަރަކީ، 91/6-ސީޖޭ/61 އެވެ. ހުށަހެޅީ، 6 ފެބްރުއަރީ 1991 ގައެވެ. ހުކުމްއިއްވާ ނިމުނީ، 9 ސެޕްޓެމްބަރު 1991 ގައެވެ.
މީނާއަކީ، 3 ނޮވެންބަރު 1988 ގެ ނުރައްކާތެރި ހަމަލާގައި ލީޑަރަކަށް ހުންނެވި ހ.ހާޖަރާގެ އަލްފާޟިލް އަބްދުﷲ ލުތުފީގެ ބައްޕައެވެ. މިއަދުގެ ޝަރީއަތުގައި އަޅުގަނޑުގެ ދިފާޢުގައި ވަރަށްގިނަވާހަކަ ދެއްކީމެވެ. އެވާހަކަ ތަކަކީ މިއީއެވެ. އިއްޒަތްތެރި ގާޒީއެވެ! މަންތިރި މަޖައްލާގައި އަޅުގަނޑު ލިޔެފައިވާ މަޒްމޫނުގައި ލިޔެފައި އެވަނީ، ހަގީގަތާޚިލާފު ވާހަކައެއް ނޫންކަމަށް އިއްޒަތްތެރި ގާޒީއަށް ދަންނަވަމެވެ!
އިންޑިޔާގެ ކަނޑުގެ ސިފައިންގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ، އައިއެންއެސް ގޯދާވަރީގައި ފުލައިޓް އިންޖިނޭރަކަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމުގައިވާ އިންޑިޔާގެ ރައްޔިތެއް އަޅުގަނޑު ރަސްމީކޮށް މަސައްކަތްކުރާތަން ކަމުގައިވާ، އިސްލާމީ މަރްކަޒަށް ވަޑައިގެންނެވި ޒިޔާރަތެއްގައި، އަޅުގަނޑާ ވާހަކަ ދައްކަވަމުން ބުނެފައި ވަނީ، ހޮސްޓަޖުންގަޔަށް ގޯދާވަރީން ބޮޑުބަޑިޖެހީ އެމަނަވަރަށް ރާއްޖެއިން އެރުވި ދިވެހި ސިފައިންނެވެ. އޭނާ އެވާހަކަ ބުނުމުން އަޅުގަނޑަށް އެވާހަކަވީ، ވަރަށްހެއްވާ ވާހަކަ އަކަށެވެ.
ގޯދާވަރީ މަނަވަރުން ރަހީނުންގެ ގަޔަށް ބޮޑުބަޑި ޖެހީ ކާކުގެ އޯޑަރަށްތޯ:
އެހެންވުމުން އަޅުގަނޑު އެވާހަކަ އެގޮތަށް މިމަޒްމޫނުގައި ލިޔުނީއެވެ. މަންތިރި މަޖައްލާގެ ފުރަތަމަ އަދަދުގެ، 17 ވަނަ ސޮފްހާގައި “3 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާ މިގޮތަށް ތާރީޚްގެ ތެރެއަށްވަދެ ނިމޭނީ ތޯއެވެ؟” މިސުރުޚީގެ ދަށުގައި އެވާހަކަ އަޅުގަނޑު ލިޔެފައި އޮންނާނެއެވެ. އިންޑިޔާ މަނަވަރު ގޯދާވަރީގެ ކެޕްޓަން މާލޭގެ ތޮށިގަނޑު މަތީގައި ހުންނަވައިގެން ދެއްވި ނޫސްބަޔާނުން ވެސް އެނގޭގޮތުގައި ކެޕްޓަން ވިދާޅުވެފައި ވަނީ، ޕްރޮގްރެސް ލައިޓަށް ބަޑިޖަހަން ޖެހުނު ހިނދު ބަޑިޖެހީ “އަހަރުމެންނޭ” މިފަދައިންނެވެ. އިންޑިއާ ސިފައިންނާއި މަނަވަރަށް ހެލިކޮޕުޓަރެއްގައި ގެންގޮސްފައި ތިބި ދިވެހި ސިފައިން ހިމެނޭ ގޮތަށެވެ. އަހުރެމެންގެ މާނައަކީ އެއީއެވެ.
ކަންތައް ދިމާވިގޮތުން އޭނާގެ ވާހަކައިގާ އެއީ ކޮންބައެއްކަމެއް ވިދާޅެއްނުވެއެވެ. “ބަޑިޖެހީ އިންޑިޔާ ސިފައިންނެކޭ ވެސް އަދި ރާއްޖޭގެ ސިފައިން ނެކޭވެސް” ނަންލާފައި ވިދާލެއް ނުވެއެވެ. އަޅުގަނޑުގެ މަޒްމޫނުގައި މިވާހަކަ މިގޮތަށްލިޔުނީ ގޯދާވަރީގެ އިންޖިނޭރު އެހައްދަވަނީ، ދޮގެއްކަން އަޅުގަނޑުގެ މަޒްމޫނު ކިޔާ މީހުންނަށް އެންގުމަށެވެ. ބައެއްފަހަރު އެކަހަލަ ހެއްވާ ވާހަތައް ލިޔުމުގައި ގެނެސް ދިނުމަކީ، ބައެއް ލިޔުންތެރިންގެ ހުނަރެއް ކަމަށް ގާޒީއަށް ދެންނެވީމެވެ.
އަދި މިވާހަކަ މަޒްމޫނުގައި ގެނެސްފައި އެވަނީ އެގޮތުގެމަތިން ކަމަށް ދެންނެވީމެވެ. މިވާހަކަ ގޯދާވަރީގެ އިންޖިނޭރުކަލޭގެ އިސްލާމީ މަރްކަޒުގެ ލައިބްރެރީގައި އިނދެގެން ދެއްކިއިރު، އިސްލާމީ މަރުކަޒުގެ އަމީނުން މަކްތަބާ، އަލްފާޟިލް އިބްރާހީމް ޞާބިރު އަޑުއައްސަވަން އިންނަވާނެ ކަމަށްވެސް، ގާޒީއަށް ދެންނެވީމެވެ. ސާބިރުގެ ނަންގާޒީނޯޓް ކުރެއްވިއެވެ. ހީވަނީހެކިބަހަށް ހާޒިރުކުރަން ހެންނެވެ. އަދި ވެސްގާޒީއަށް ދެންނެވީމެވެ!
އަޅުގަނޑަށް ވެސް އެނގެއެވެ! ސިފައިންގެ ވެރިއެއް ކަމުގައިވާ އާދަންޒާހިރު އެމަނަވަރުގައި އޭރު ގެންގޮސްފައި ހުންނެވިޔަސް ބަޑިޖެހީ އާދަންޒާހިރުގެ އަތްޕިޅުން ނޫންކަން އަޅުގަނޑަށް ވަރަށްރަނގަޅަށް ސާފުކޮށް އެނގެއެވެ. އާދަންޒާހިރު މަނަވަރުގައި ހުންނަވައިގެން ރައީސް މައުމޫނާ ވާހަކަ ދައްކަވާފައި ބަޑިޖަހައި ފައްތާލުމުގެ ހުއްދަ ހޯއްދެވީއެވެ. އެކަން ކުރެއްވީ ގޯދާވަރީގެ ކެޕުޓަން އެދުމުންނެވެ.
ހޮސްޓެޖުންގަޔަށް މަނަވަރުގެ ބޮޑުބަޑިތަކުން ހައިންޗީގެފަލަ ވަޒަން ފޮނުވައިގެން ހޮސްޓެޖުންތައް ހަދާނެގޮތެއް ނެތިފައި ޕްރޮގްރެސް ލައިޓްގައި ތާށިވެފައިތިއްބާ، އެއާގުބޯޓު ފައްތާލިކަން މުޅިދުނިޔެ ހެކިވެ ދަންނާނެއެވެ. އިއްޒަތްތެރި ގާޒީއަށްވެސް ސާފުކޮށް އެކަން އެނގި ލައްވާނެއެވެ! އިންޑިޔާގެ ނޫސްތަކުންނާއި ކެޕްޓަންގެ ވާހަކަތަކުންނާއި އަޅުގަނޑާ ބައްދަލުވި އިންޖިނޭރުގެބަހުން، އައިއެންއެސް ގޯދާވަރީގައި ދިވެހި ސަފައިންގެ ހައެއްކަބޭކަލުން އެވަގުރު ތިއްބެވިކަން ސާބިތުވާނެއެވެ.
އިންޑިޔާގެ ހެލިކޮޕްޓަރަކުން އެމީހުން މަނަވަރަށް އުފުލުނުކަން އެންމެންނަށް އެނގޭނެއެވެ. މިއީ އޮޅުމެއްއޮތް ކަމެއްނޫނެވެ. އަޅުގަނޑުގެ ސުވާލަކީ ދިވެހި ސިފައިން މަނަވަރަށް ގެންގޮސް އަރުވަން ޖެހުނީ ކީއްވެގެން ތޯއެވެ؟ ކޮންމެހެން މަނަވަރަށް ދިވެހި ސިފައިން ނުގެންގޮސްވެސް އެހަމަލާ އިންޑިޔާ ސިފައިންނަށް ދެވެން އޮތެވެ. އަޅުގަނޑުގެ ނުކުތާ އަކީ މިއީއެވެ.
އެވަގުތު ޕްރޮގްރެސް ލައިޓް އިނީ ބައިނަލްއަގުވާމީ ކަނޑުގައިކަމުން ބަޑިޖެހުމުގެ އޯޑަރާ ހަވާލުވާނެ ފަރާތެއް ކޮންމެހެން ވެސް އެބަ ހޯދަންޖެހެއެވެ. ކަމެއްދަމެއް ދިމާވާ ދިވަހަކު ޖަވާބުދާރީ ވާން ގާނޫނީ ގޮތުން ޖެހޭނީ ދިވެހިންނަށެވެ. އާދަމް ޒާހިމެން މަނަވަރަށް އުފުލާފައި އެވަނީ އެބޭނުމުގައެވެ. ހޮސްޓަޖުންގެ ފަރާތުން ނުވަތަ މަރާލެވުނު މީހެއްގެ ފަރާތުން ދައުވާއެއް އުފިލޭ ދުވަހަކުން ބަޑިޖެހީ ދިވެހިން ބުނެގެން ކަމުގައި ރަސްމީކޮށް ވެގެންދާނެއެވެ.
އިއްޒަތްތެރި ގާޒީއެވެ! އިންޑިޔާސިފައިން ދިވެހިސިފައިންގެ ބަޔަކު ގޯދާވަރީއަށް އެރުވީ، ދިވެހި ސިފައިންގެ ބޮލުގައި އެޒިންމާ ކަނޑައެޅިގެން އަޅުވާށެވެ. ދުވަހެއްގެ ކޮޅުން އެކަމާބެހޭ ސުވާލެއް އެއްވެސް ރަސްމީ ފަރާތަކުން ނުވަތަ ބައިނަލްއަގުވާމީ ކޯޓަކުން ފަދަ ފަރާތަކުން ރަސްމީކޮށް ކޮށްފިއްޔާ ހޮސްޓެޖުންގަޔަށް ބަޑިޖެހިޖެހުން ހަވާލުކުރާނީ ދިވެހިސިފައިން ނާއެވެ.
ރާއްޖެއިން އެދިގެން ދެވުނު ހަމަލާއަކަށް ގާނޫނީގޮތުން އެމީހުން ހަދާނެއެވެ. ހުރިހާ މަރުތަކެއްގެ އަދި ވެގެންދިޔަ ގެއްލުމާއި ހުރިހާ އަނިޔާތަކެއްގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭނީ ދިވެހިރާއްޖެއެވެ!! ބޮޑުފެންވަޅުގެ މުޖުތަބާ އާއި އޭނާގެ ބިދޭސީ އަނބިކަނބަލުން، އަދި ބޯގަންވިލާ އިސްމާއީލް ނަސީރާއި އެހެން ރަހީނުންގެ ފަރާތުން ނުވަތަ އެއާއިލާތަކުގެ ފަރާތުން މިކަމާ ދައުވާއެއް ކުރާ ދުވަހަކުން ބަޑިޖެހި ފަރާތެއް ވަރަށް ސާފުކޮށް އެނގިގެން ދާނެއެވެ. އިންޝާﷲ!!
މިއަދު ރައީސް މައުމޫހު ވިދާޅުވާ ގޮތަކަށް ވަކާލާތު ކުރެވިދާނެއެވެ. އަދި އިއްޒަތްތެރި ގާޒީއަށް ހުކުމް ވެސް ކުރެއްވިދާނެއެވެ. ހަގީގަތް ﷲ ދެނެވޮޑިގެން ވާނެއެވެ. އިއްޒަތްތެރި ފަނޑިޔާރު މިހުރިހާ ދިމާއަކަށް ނިޔާކަނޑަ އެޅުއްވުމުގައި ނަޒަރު ކުރައްވަން ހެޖިވަޑައި ގަންނަވާނެއެވެ. މިހާރުން މިހާރަށް ބައިނަލްއަގްވާމީ ކޯޓެއްގައި މިކަންބެލިޔަސް ގޯދާވަރީގެ ކެޕްޓަން ވިދާޅުވާނީ، މަނަވަރުން ބަޑިޖެހީ މަނަވަރުގައި ތިބި ދިވެހި ސިފައިންގެ އޯޑަރަށް ކަމަށެވެ. އެކަންހިންގީ އެގޮތަށް ކަމަށެވެ. އެކަމުގެ ޒިންމާ އަޅުވާނީ ރާއްޖޭގެ ކޮނޑުގައެވެ.
އިއްޒަތްތެރި ގާޒީއެވެ! އަޅުގަނޑު ތަހުގީގުގައި ދެއްކި ވާހަކައަކީ، މިހިރަކަންތަކަކީ ރައްޔިތުންގެ މަޖިލީހުން އިތުރަށް ބައްލަވަން ޖެހޭ ކަންތައް ކަމަށެވެ. އިއްޒަތްތެރިގާޒީ ވެސް މިކަމުގެ ހުކުމެއް އިއްވުމުގެކުރިން، މިހާދިސާގެ ފުރިހަމަ ތަހުގީގު ކުރަންޖެހޭކަމަސް ނިންމަވަން ޖެހޭނެއެވެ. އެއީ ކޯޓުން ނެރުއްވޭނެ އޯޑަރެކެވެ. ދިވެހިރައްޔިތުން ތަކެއްވަނީ މަރުވެފައެވެ. ނެތިގޮސްފައެވެ. ތަފުސީލުކޮށް ވީނުވީއެއް ނޭނގިއެވެ. އެއާއިލާތަކަށް އެއްގޮތަކަށް ވެސް ވީނުވީއެއް ސާފެއް ނުވެއެވެ. ބައިވަރުކަންތަސް އޮޅިފައި އެބަހުއްޓެވެ.
އަޅުގަނޑުގެ މައްޗަށް ގަވާއިދާޚިލާފު ވާހަކަ ދެއްކެވީއޭ ވިދާޅުވެބޮޑު ހުކުމެއް އިއްވުމުގެ ކުރިން މިހިރިކަހަލަ ނުކުތާތަކަށް، އިއްޒަތްތެރި ގާޒީ ބައްލަވަން ޖެހޭނެއެވެ. އެންމެ އަޑިނުހޯއްދަވައި މިކަމުގައި ނިޔާއެއް ނީއްވޭނެއެވެ. އަޅުގަނޑު މިދަންނަވަނީ ރައްޔިތުންގެ މަޖިލީހުން މިހާދިސާގެ ތަހުގީގު ވަރަށް ރަނގަޅަށް ކުރަންޖެހޭނެ ވާހަކައެވެ. ޕްރޮގްރެސް ލައިޓްގައި ކަންތައްތައް ހިނގާދިޔަގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އިއްޒަތްތެރި ގާޒީއަށް ވެސް އެނގިއެއް ނުލައްވާނެއެވެ. ނިޔާއަކަށް ވަޑައި ގަންނަވަން ޖެހޭނީ ވަރަށް ގިނަކަންކަން ފުންކޮށް ބައްލަވާފައެވެ.
ނޫނީ ވެގެންދާނީ ރައީސް މައުމޫނު ރުއްސަން ކޮށްދެވޭ ނާގިސް، އަދި އުންސުރުތައް އުނި ހުކުމަކަށެވެ. ތަހުގީގުގައި ދަންނަވާފައި އޮންނާނެ އެކަމާބެހޭ މާގިނަ މައުލޫމާތެއް އަޅުގަނޑަށް ލިބިފައެއްނެތެވެ. އެހެނަސް އެނގޭއެއްޗަކީ، ހޮސްޓެޖުންގެ ތެރެއިންބަޔަކު މީހުންމަރުވިކަމެވެ. ހުރިހާ ހޮސްޓެޖުން ގަޔަށް ބަޑިޖެހީ އެއާގު ބޯޓުގައި ތިބި ޓެރަރިސްޓުން ނޫންކަމެވެ. ވީމާ ހޮސްޓެޖުންގެ މިހާގިނަބަޔަކަށް ބޮޑެތިއަނިޔާތައް ލިބި، ހޮސްޓެޖުންގެ ބަޔަކު މަރުވީ ކީއްވެގެންކަން ކޮންބައެއްގެ ވަޒަނުންކަން، ކޮންގޮތަކަށް ކާކުގެ އަމުރަށްޖެހި ވަޒަންތަކެއްކަން އެބައެނގެން ޖެހެއެވެ.
މިއަދު އިއްޒަތްތެރި ގާޒީގެ ޒިންމާއަކީ ދިވެހިރައްޔިތުންނަށް މިކަމުގެ އިންސާފު ގެނެސްދިނުމެވެ. ހަމަ އެކަނި އަޅުގަނޑަށް ހުކުމެއްކޮށްލާފައި ނިންމާލެއްވުމެއް ނޫނެވެ. އަދި މިހާތަނަށް އަޑި އެނގިފައިނެތް މިހާދިސާގެ އެންމެއަޑީގައި ފޮރުވިފައިހުރި ސިއްރުތައް ދިވެހި ރައްޔިތުންނަށް ހާމަކޮށް ދެއްވުމެވެ. އެހެންނޫނީ އަޅުގަނޑު މިނިވަންވެ ރައްޔިތުންގެ މަޖިލީހަށް ވަދެވުނު ދުވަހަކުން މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނަމެވެ. ހޮސްޓެޖުންގެ މިހާގިނަ ބަޔަކުމަރުވާން ޖެހުނު ސަބަބު އެބަ އެނގެން ޖެހެއެވެ. އެބަހޯދަން ޖެހެއެވެ.
ހަމަގައިމުވެސް ލ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އިސްމާޢީލް ނަސީރު އާއި އޮނަރަބްލް އަހްމަދު މުޖްތަބާމެން މިދުނިޔޭގައި ހެޔޮވިސްނުމާ އެކު އެބަތިއްބެވިއެވެ. މިދެބޭފުޅުންގެ މައުސޫމް ހަށިކޮޅަށް އެރިހަމަލާ ތަކާގުޅިގެން އެބޭފުޅުންގެ ބަހެއް އެންމެކުޑަމިނުން ބޭނުން ވާނެއެވެ. އެބޭފުޅުންގެ ހިތަށް މާދަމާއަރާނީ ކޮންއެއްޗެއް ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެއެވެ. ހަމަގައިމުވެސް ބައިނަލްއަގްވާމީ ކަނޑުގައި މައުސޫމު ބައެއްގެ ގޮތުގައި ހޮސްޓެޖުންގެ ދަރަޖާގައި އެމީހުންތައް ވަނިކޮށް، ހިންގުނު ހާދިސާއަކަށްވީ ހިނދު، އެބޭފުޅުންނަށާއި އެބޭފުޅުންގެ އާއިލާގެ ބޭފުޅުންނަށް އެވީގޮތެއް އެންމެ ފުންމިނުގައި އެނގެން ޖެހޭނެއެވެ. ސާފުކޮށްދޭން ޖެހޭނެއެވެ.
ހައިޖެކު ކުރި ޓެރަރިސްޓުންނާ އެކު ދެކެވެމުން ދިޔަ ވާހަކަތައް މެދުކަނޑާލެއްވީ ކީއްވެގެންތޯ ކޮން ސަބަބުތަކަކައި ހެދިތޯ ބަލަން ޖެހޭނެއެވެ. ހަމަލާދޭން ނިންމުނީ ކާކުގެ އޯޑަރަށްތޯ ބަލަން ޖެހޭނެއެވެ. ޓެރަރިސްޓުން ބޭނުންވާ ހިސާބަށް ބޯޓުދިޔަދީފައި ހޮސްޓެޖުން އެކުގައި ސަލާމަތްތެރި ކަމާއެކު މިނިވަންނުކުރެވޭނެ ޖާގައެއް ހަމަ ނެތުނީތޯއެވެ؟ ނުވަތަ ދިވެހިންނަށްވުރެ ތަމަޅައިން އިސްކުރެވުނީ ތޯއެވެ؟ ކީއްވެގެންތޯ ސުވާލުތަކެއް ކުރެވޭގޮތަށް މިކަންތައް ދޫކޮށްލެވިފައިއޮތީ ކީއްވެގެންތޯ ބަލަން ޖެހޭނެއެވެ. އިއްޒަތްތެރި ގާޒީއެވެ. މިއީކުޑަ ކަމެއްނޫނެވެ. ފުރާތަކަކައި ގުޅުންހުރި ކަމެކެވެ!
ލަންކާއައި ވަކިވަރަކަށް ކާރިވުމުން ޓެރަރިސްޓުންތައް ސްޕީޑްލޯންޗް ފަހަރުގައި ފޮނުވާލުމަށްފަހު، ދިވެހިންކޮޅު ފުރިހަމަ ސިއްހަތެއްގައި ސަލާމަތްނުކުރީ ކީއްވެގެންތޯ އެބަބަލަން ޖެހެއެވެ؟ އަދި އެއާގުބޯޓުގައި ސްޕީޑުލޯންޗެއް، ޓެރަރިސްޓުންނަށް ދެވޭގޮތަށް އަރުވާފައި އޮތްޚަބަރު ވެސް ލިބެއެވެ. ޓެރަރިސްޓުންނަށް އެފުރުސަތު ދީފައި ހުރިހާ ދިވެހިން ސަލާމަތުން މިނިވަން ނުކުރީ ކީއްވެތޯ އެއީ އުފެދޭ ވަރަށް ބޮޑު ސުވާލެކެވެ.
މިއީ ކޮންބައެއްގެ ކާކުގެ އަމުރަށް، މައުސޫމް ހޮސްޓެޖުންނަށް ލިބުނު އަނިޔާއެއްތޯ އެބަބަލަން ޖެހެއެވެ. އެނގުން މުހިންމުއެވެ. މިކަމުގެ ބޮޑުކަމުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިހާދިސާ ތަހުގީގުކުރަން އަޅުގަނޑު ބޭނުންވެއެވެ. އިއްޒަތްތެރި ގާޒީއެވެ! މިމައްސަލައަށް ނިޔާއެއް އިއްވެވުމުގެ ކުރިން އިންސާފު ގެނެސް ދެއްވާށެވެ! މައުސޫމް ދިވެހި ހޮސްޓެޖުންގެ ބަޔަކަށް މިހާ ވަރުގަދަ ހަމަލާއެއް ދެވި ވީނުވީއެއް ނޭނގި އޮއްވާ، އެމަނަވަރުގައި ހުރިމީހެއްގެ ފަރާތުން މިކަހަލަވާހަކައެއް އިވުނީމާ، އަޅުގަނޑުގެ މަޒްމޫނުގައި އެވާހަކަ މިގެނައީ މިހާދިސާގެއަޑިހޯދުމުގެ ބޭނުމުގައެވެ.
އިލްޔާސް ލިޔުނު ހަގީގަތާ ޚިލާފު ވާހަކައެކޭ ވިދާޅުވެ އަޅުގަނޑަށް މާސިންގާ ހުކުމެއް އިއްވާލެއްވުމަކުން ނުފުދޭނެއެވެ. ﷲގެ ހަޒުރަތުގައި ގާޒީންނައި ފަނޑިޔާރުންގެ ޒިންމާ ބޮޑެވެ. ގޯދާވަރީގެ އިންޖިނޭރަކު އެވާހަކަ އަޅުގަނޑު ގާތުގައި ކޮންމެ މަގްސަދެއްގައި ދެއްކިޔަސް، އޭނާގެ އެވާހަކަ އަކީ، އޭނާ އެބުނި ގޮތުން ޖޯކެކެވެ. އަޑި ފޮރުވިފައިވާ ހެއްވާ ވާހަކައެކެވެ.
ރައީސް މައުމޫނުވަނީ ދާދިފަހުން ތޮށިގަނޑު ފަޅާލާފައި ނުކުމެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެއްވާފައެވެ. އަޅުގަނޑުގެ މިމަޒްމޫނުގައި ފާޅުކޮށްފައި އެވަނީ އަޅުގަނޑުގެ ޒަމީރަށް ފެނުނުޚިޔާލެވެ. އަޅުގަނޑުގެ އޮޕީނިއަން އެވެ. ޚިޔާލު ފާޅުކުރުމަކީ ކުށެއްނޫނެވެ. އަޅުގަނޑުގެ ޟަމީރަށްފެންނަ ޚިޔާލީ އެއްޗެއް ބުނެވޭނެ އެވެ. ފާޅުކުރެ ވޭނެއެވެ. ގާޒީހައްދަވާނެ އެއްޗެއް ހައްދަވަން ވީއެވެ! އަޅުގަނޑުގެ ބަޔާނަކީ ސިފައިންނަށް ދީފައިވާ ބަޔާނެކެވެ. ބަޔާން ލިޔުނީވެސް އެބޭކަލުންނެވެ.
ޝަރީޢަތަށް ދީފައިވާބަޔާނެއް ނޫނެވެ. ގާޒީހުކުމް އިއްވަވަންޖެހޭނީ ގާޒީއަށް ލިބިލައްވާ ހެއްކާއިގަރީނާގެ މައްޗަށް ބުރަވެގެންނެވެ. ސިފައިންދޭ ބަޔާނަކަށް ހުކުމްއިއްވާ ގާޒީންނަށް ގިޔާމަތް ދުވަހުން، ﷲގެ ލައުނަތް ރައްދުވާ ހުއްޓެވެ! ދައުލަތުގެ ސްޓޭޓު އެޓާނީ ތައުފީގު އެވިދާޅުވާ ބަޔާނަކީ، ހަމައެކަނި ސިފައިންގެ މައުލޫމާތަށް އަޅުގަނޑު ދީފައިވާ މަޖްބޫރީހާލަތުގައި އަޅުގަނޑު ބަހައްޓާއިގެން ހޯދާފައިވާ ބަޔާނެކެވެ.
ގާޒީއަކަށް އިންނަވައިގެން އެފަދަބަޔާނަކަށް ޝަރީޢަތް ކުރައްވައިގެން ނުވާނެއެވެ. މަނިކުފާނަށް، ﷲއާއި ﷲގެ ރަސޫލާގެލައުނަތް ހުއްޓެވެ! އިސްލާމީ ޝަރީޢަތަށް ފުރައްސާރަ ނުކުރައްވާށެވެ. އާދެ، މިއަދު ކޯޓުގައި އޮތީ ދެޚަސްމުންގެ ފަރާތުން ވާހަކަދެއްކުން އެކަންޏެވެ އަޅުގަނޑައި ތައުފީގުގެ ވާހަކަ ދެއްކުމެވެ. ކޯޓުގެބައި މިއަދަށް ނިމުމުން، ދޫނިދޫއަށް ގެނެސް، 15 ނަންބަރު ގޮޅިއަށްލައި ތަޅުލީއެވެ. މިއަދު ގެއިން އެއްވެސް މީހަކާ ދިމައެއް ނުވެއެވެ. ގެއަށް މާލެ ގެންނަކަން އެނގިފައި ނެތީއެވެ.
14 އޭޕްރީލް 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 113 ވަނަ ދުވަހެވެ. މިއަދުހަވީރު ވަގުތެއްގައި، އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަމީހުން ދޫނިދޫންނާއި ގާމާދޫޖަލުން ގެއަށް ބަދަލުކުރި ޚަބަރުލިބުނެވެ. އޭގެތެރޭގައި ކޮއްކޮ އަލީރަޝީދު ހުސައިން އާއި ކޮއްކޮ އިބްރާހީމް ރަޝީދު ހުސައިން (އިބުރޭ) އާއި އަބުދުލްމުޢީދު އާއި އަޒްމީލް އާއި މަސްޢޫދު އާއި އަބްދުލް ހަންނާނު (ހެރިންސް) އާއި ނައުޝާދު ވަހީދު އާއި އަބްދުއްރައްޒާގު ހިމެނެއެވެ. މިއަދަކީ ގިނަބަޔަކަށް އުންމީދީ ދުވަހެކެވެ. އުފާވެރި ދުވަހެކެވެ.
15 އޭޕްރީލް 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 114 ވަނަ ދުވަހެވެ. މިއަދަކީ ރޯދަމަހުގެ އެންމެފަހު ދުވަހެވެ. 30 ވަނަރޯދަ ހިފައިގެންހުރި ދުވަހެވެ. މާދަމާ އަކީ ކުޑައީދު ދުވަހެވެ. ކޯޓަށްގެންދަން ބަލާއައުމުން ތައްޔާރުވެގެން ގޮޅިން ނުކުތުމުން، މާލެގެންގޮސް ގެންދިޔައީ ކޯޓްނަންބަރު، 6 އަށެވެ. މިއަދަކީ، އަލްފާޟިލް އިބްރާހީމް ޞާބިރުގެ ހެކިބަސް ހޯދުމަށް ކޯޓަށްހާޒިރުކުރި ދުވަސްކަން ކުޑައިރުކޮޅެއްގެ ތެރޭގައި އަޅުގަނޑަށް އެނގިއްޖެއެވެ.
ޞާބިރު ދުރުވެ ކޯޓުތެރެއަށް ވެންނެވިތަން އަޅުގަނޑަށް ފެނިއްޖެއެވެ. ޞާބިރު ވެއްދީ އެމީހުންތިބޭ ބަޔަށެވެ. ތިރީބުރީގެ އެތެރެއަށެވެ. އަޅުގަނޑު އިނީ ކޮޓަރިން ބޭރުގައި ގޮނޑިއެއްގައި ބައިންދާފައެވެ. މައްޗަށް ދެމީހުންވެސް އެރުވީއެއް ވަގުތެއްގައި ކަމުން، ޞާބިރައި ވާހަކަދައްކާލާނެ ހިނދުކޮޅެއް ސިޑިމަތިން ލިބުނެވެ. އެހެނަސް ޞާބިރު ހުންނެވީ ވަރަށްބިރުންނެވެ. ތުރުތުރު އަޅުއްވައެވެ. އުޅުއްވީ އަޅުގަނޑު އެއްކިބާކޮށް ލާށެވެ.
އެހެނަސް އަޅުގަނޑާ، ޞާބިރުކައިރިވީ ވަގުތުސިޑި މަތީގައި ތިބެ އަރަބިބަހުން ޞާބިރު ކައިރީގައި ކީއްކުރަންތޯއޭ އަހާލުމުން ހެކިބަހަށޭ ވިދާޅުވެއްޖެއެވެ. އިސްލާމީ މަރްކަޒުގައި އަޅުގަނޑުމެންނާ، ބައްދަލުކުރި އިންޑިޔާ މަނަވަރުގެ އިންޖިނޭރު ކަލޭގެ ބުނިވާހަކަ ތެދަށް ވިދާޅުވެ ދެއްވުމަށް އަޅުގަނޑު ޞާބިރު އަރިހުން އެދުނީމެވެ. މިވާހަކައަށް ޞާބިރުވެސް ޖަވާބުދެއްވީ އަރަބިބަހުންނެވެ. ވަރަށްބިރުން ހުންނަވައިގެން ތުރުތުރުއެޅުއްވަމުން އާދޭހޭ ވިދާޅުވިއެވެ!
ޞާބިރު ވެއްދެވީ ގާޒީކޮޓަރިކޮޅުގައި އިދާރީ މީހުން ތިއްބަވާ ތަނަށެވެ. އަޅުގަނޑު ވެއްދީ، ގާޒީކޮޓަރި ކޮޅުގައި ހަދާފައި ހުންނަކުށްވެރިން ބައިތިއްބާ ކޮށިގަނޑަށެވެ. ޞާބިރު އަރިހުން ގާޒީ ސުވާލުކުރެއް ވިއެވެ. އިންޑިޔާމީހާ އިލްޔާސް ކައިރީގައި ހޮސްޓެޖުންގަޔަށް ބަޑިޖެހީ ދިވެހިންނޭ ބުނިއަޑު އެއްސެވިންތޯއެވެ؟ ޞާބިރު އިރުކޮޅަކު މަޑުން ހުންނަވާފައި ވިދާޅުވީ، ތިމަނާއަށް ނޭނގޭކަމަށެވެ. އޭނާބުނީ ޕްރޮގްރެސް ލައިޓަށް ބަޑިޖެހީ، “ކަލޭމެންނޭ” މިހެންނެވެ. ދެން އިލްޔާސާއި އޭނާ ދެއްކި ވާހަކަތަކެއް ނޭނގެއެވެ. ހަނދާނެއް ނެތެވެ. ޞާބިރު މިގޮތަށް ހެކިބަސް ދެއްވުމުން، މިއަދުގެ ޝަރީޢަތުގެ މަޖިލިސް އެހާ ހިސާބުން ގާޒީ ނިންމާ ލެއްވީއެވެ.
އަލްފާޟިލް އިބްރާހީމް ޞާބިރު މއ.އިރާކުގެ މާލެ މިއަދުގެ ޝަރީޢަތުގެ މަޖިލީހަށް ދެއްވި ތަފްސީލް ބަޔާނުގައިވަނީ މިގޮތަށެވެ. “ދައުލަތުގެ އެޓާނީޖެނެރަލްގެ ފަރާތްޕުޅުން އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވާ ތިޔަމައްސަލައާ ގުޅޭގޮތުން ދަންނަވަމެވެ. އިންޑިޔާގެ މަނަވަރެއް ކަމުގައިވާ އައި އެން އެސް ގޯދާވަރީ މާލޭގެބަނދަރުގައި އޮތްދުވަސްވަރު، އެމީހުންގެ ހެލިކޮޕްޓަރުތަކުގެ އިންޖިނޭރު، އިސްލާމީ މަރްކަޒަށް ޒިޔާރަތްކުރުމުގެ ތެރޭގައި އިލްޔާސް ހުސައިން އިބްރާހީމް އާއެކު ދެއްކިވާހަކައެއް ދެއްކިއިރު އަޅުގަނޑު އެހާޒިރުގައި ހުރީމެވެ.
އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި އެބުނުއްވާ ފަދައިން ޕްރޮގްރެސް ލައިޓަށް ހޮސްޓެޖުން ގަޔަށްބަޑިޖެހީ ދިވެހި ސިފައިންނެކޭ އޭނާނުބުނެއެވެ. އޭނާބުނީ ޕްރޮގްރެސް ލައިޓަށް ބަޑިޖެހީ “ކަލޭމެންނޭ” މިހެންނެވެ. އިލްޔާސް ހުސައިން އިބްރާހީމް އާމެދު އެއްވެސްކަހަލަ ދެކޮޅުވެރިކަމެއް ރުޅިވެރިކަމެއް އަޅުގަނޑުގެ ނޯވެއެވެ. އިލްޔާސް ހުސައިން އިބްރާހީމް އަކީ އެއްތަނެއްގައި ވަޒީފާއަދާކުރަން އުޅުމުގެ ސަބަބުން ގާތް ރައްޓެއްސެކެވެ.” މިބަޔާން މަޙްޟަރުފޮތް، 14 ނަންބަރުގެ (ނ) ވަނަފޮތުގައި، 97 ވަނަ ސޮފްޙާގައި ލިޔެވިފައި ވާނެއެވެ.
ޞާބިރު މިހެންހެއްދެވީމާ އަޅުގަނޑު ވަރަށް ދެރަވިއެވެ. ޞާބިރު ގާތުގައި ހަނދާންކޮށް ދިނުމުގެގޮތުން، ޢަރަބިބަހުން މިވާހަކަ ނަންގަތީމާ ވެސް ބިރުންގޮސް ހަގީގަތް ހާމަކޮށް ދެއްވަން ކެރިވަޑައި ނުގަތީއެވެ. ނުވަތަ ހަނދާހުރި ގޮތްކަމަށް ވެސް ވެދާނެއެވެ. އިންޖިނޭރުކަލޭގެ ކިޔައިދިން ގޮތަށް، ޝަރީޢަތުގެ މަޖިލީހުގައި ގާޒީގެ ކުރިފުޅު މަތީގައި ކިޔައި ދެއްވާކަށް ނޭގުނެވެ. ޞާބިރު މިހެންހައްދަވާނެ ކަމަށް އެއްގޮތަކަށް ވެސް އަޅުގަނޑުގެ ހިތަށް ނާރައެވެ. އަދި ގަބޫލެއްވެސް ނުކުރެވެއެވެ. ކުރާނެކަމެއް ނެތެވެ! ޞާބިރު މިހެންހެއްދެވީމާ ވަރަށްބޮޑަށް ދެރަވެ އެދުވަހު އަސަރުކުރިއެވެ.
މައްސަލައެއް ނެތޭހިތަށް އަރުވާލައި، ﷲއަށް ޙަމްދާއި ޝުކުރުކޮށްލީއެވެ. އަދި އެހިނދު އަޅުގަނޑަށް، ހިތްވަރާއި ސާބިތުކަން ދެއްވުންއެދި، ﷲއަށް ދުޢާ ދެންނެވީއެވެ. ދުނިޔެމަތީގައި ޒުލްމުވެރިވެ ކޮންމެގޮތެއްވެސް ހެދިދާނެކަން ގަބޫލުކުރެވުނެވެ. އެހެނަސް ހަގީގަތްވާނީ ހަގީގަތަށެވެ. ﷲ ދެނެވޮޑިގެން ވާނެއެވެ! ކޯޓުން ނެރުނުއިރު، ބޮޑުދޮރު ކައިރިން ދޮންދައްތައާ ދިމާވިއެވެ. ގޭގެޚަބަރުތައް ރަނގަޅުކަމަށް ދޮންދައްތަ ބުނުއްވިއެވެ.
އަދި އިބުރޭއާއި އަލީރަޝީދު އާއި މުޢީދު އާއި އަޒްމީލްއާއި ނައުޝާދުމެން ގެއަށް ބަދަލުކޮށްފި ވާހަކަވެސް ބުންޏެވެ. އިބުރޭ އިނދެގެން އުޅެނީ، އަންބަރީ އަބްދުއްސައްތާރުގެ އަނބިކަނބަލުން އަނީސާއަހްމަދުގެ ކޮއްކޮއަކާއެވެ. އެހެންވުމުން ތަންކޮޅެއް ކުރިންވެސް އިބުރޭއަށް ލުޔެއްލިބޭތޯ އަނީސާ ފަޅިން މަސައްކަތްކުރާ ވާހަކަވަނީ އަހާފައެވެ. ކޮންމެއަކަސް ދެކޮއްކޮއިން ގެއަށް ބަދަލުވުމުން މިހާރު ޖަލުގައި ޖަވާހިރުވާދީން މިތިބީ، ބިގޭއާއި ހަންދުއާއި އަޅުގަނޑުމެން ތިންމީހުން އެކަންޏެވެ. ކޯޓަށް ގެންދާކޮންމެ ދުވަހަކު، ދޮންދައްތައާ ދިމާވާވެ ގޭގެޚަބަރުތައް އެންމެހާ ސާފުކޮށް ލިބޭތީވަރަށް އުފާވެއެވެ. އުންމީދު އާވެއެވެ. ސިކުނޑިތާޒާ ވެއެވެ. ހިތްވަރު ގަދަވެއެވެ.
ޖަލުގެ ކުޑަގޮޅީގައި ހުންނައިރު އަބަދުވެސް އަޅުގަނޑު ހުންނަނީ، ކުރިމަގަށް ވިސްނާއިފިކުރު ކުރުމުގެ ތެރޭގައެވެ. އަބަދު ވެސް ސިކުނޑި އެކަމުގައި މަޝްޣޫލުކޮށް ގެނެވެ. އުފާވެރި އުންމީދުތައް ތާޒާކޮށްލަ ކޮށްލައެވެ. އޭރުންވަގުތު ދާލެއްވަރަށް އަވަސްވެއެވެ. ހިތްހަމަޖެހި އަޒުމް ވަރުގަދަ ވެއެވެ. ރޫހުއާލާވެއެވެ. ހިތްވަރު އިތުރުވެއެވެ. ކޯޓުން ނެރެގެން ދޫނިދޫއަށް ގެނެސް ވެއްދީ، 15 ނަންބަރު ގޮޅިއަށެވެ. މިއަދަކީ ރަމަޟާންމަހުގެ އެންމެފަހު ރޯދައެވެ. ކުޑަގޮޅީގައި ރޯދަމަހެއް ނިންމާ ލެވުނީއެވެ. ﷲއަށް ހަމްދާއި ޝުކުރު ދަންނަވަމެވެ!
ޖަލުގެ ފުރަތަމަ އީދު ދުވަސް:
16 އޭޕްރީލް 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 115 ވަނަދުވަހެވެ. މިއީ އުފާވެރި ފިތްރުޢީދު ދުވަހެވެ. ކުޑަ އީދެވެ. ޖަލުގައި ހޭދަކުރާ ފުރަތަކަ އީދެވެ. އަޑުއިވޭ ފަށުގައި ތިބި ޖަލުގެ އެންމެންނަށް ހަރުއަޑުން ޢީދުމުބާރިކް ގޮވުންއޮތެވެ. މަޑުމައިތިރި ރަނގަޅު ގާޑުންނަށް ޢީދުސަލާން ކުރުން ބޭއްވީމެވެ. ޢީދުއައިއިރު ޖަލުގައި އަޅުގަނޑުމެންގެ މައްސަލައާގުޅޭ ބޭފުޅުންނަށް ތިއްބެވީ، 2 ނަންބަރު ގޮޅީގައި ބޮޑު ސައްޕެއާއި، 3 ނަންބަރުގޮޅީގައި ބިގޭއާއި، 7 ނަންބަރުގޮޅީގައި އަންނިއާއި، 8 ނަންބަރުގޮޅީގައި އަބްދުﷲ ސަލީމާއި، 15 ނަންބަރުގޮޅީގައި އަޅުގަނޑާއި، 12 ނަންބަރުގޮޅީގައި އަބްދުﷲ ހުސައިނެވެ.
ފަހުން، 12 ނަންބަރަށް އަބްދުﷲ ހުސައިން ބަދަލުކުރިއެވެ. މިމައްސަލައާ ގުޅޭ ގޮތުން ތިބީ ޖުމްލަ، 7 މީހުންނެވެ. ދެން އެހެނިހެން މައްސަލަތަކުގެ ބައެއްމީހުން ތިއްބެވެ. ޢީދުދުވަހު އެންމެ އުފާވީ، ގެއިން މަންމަފޮނުވި ކާނާބާސްކެޓެއް ލިބުނީމައެވެ. ވަށިގަނޑު ތެރޭގައި ވަރަށްގިނަ ކާއެއްޗެހި ހުއްޓެވެ. ވަރަށްމީރުކޮށް ގޮޅީގައިއެކަނި އިނދެގެން ކާލެވުނު ދުވަހެކެވެ. 115 ދުވަސްކޮށްފައި މަންމައަތުން ހަދާފައިވާ މީރުއެއްޗެއް ކާލަންލިބުނީއެވެ.
ފަހުން އެނގުނު ގޮތުގައި ހަންދުއާއި ބިގޭއާއި އަންނިއަށް ވެސް ގެއިން ކާނާ ވަށިގަނޑުތައް ލިބުނެވެ. ޖަލުތެރޭގައި މިއީވަރަށް އުފާވެރި ދުވަހަކަށް ވިއެވެ. އެހެނަސް ނުކުމެވާހަކަ ދައްކާލާ ނުހެދޭތީ އެކަނިވެރިކަން ވަރަށްބޮޑަށް އިހްސާސް ކުރެވުނެވެ. ރައްޓެހި ބައެއްގާޑުން އައުމުން، އެކަކުއަނެކަކަށް ކާނާބަދަލުކުރުން އެރޭއޮތެވެ. އަދި ގާޑުންނާއެކު ޝެއާކުރުން އޮތެވެ.
ވަރަށްހެޔޮ އިންސާނީވަންތަ ރަނގަޅުގާޑުންނާ ވެސް ދިމާވެއެވެ. ސިފައިންގެ ވަޒީފާއަދާކުރާ ހިތްތިރި ހިތްހިޔޮ ރަނގަޅު ކުދިންނެވެ. ޖަލުގައި ތިބިއިރު ހުރިހާ ވައްތަރެއްގެ ކުދިންނާވެސް ދިމާވިއެވެ. އަޅުގަނޑު މެންނަށް ކަންތައްކޮށްދީފައި ޝަކްވާ އުފުލާ ކުދިންނާ ވެސް މަދުން ދިމާވިއެވެ. އަނެއްކޮޅުން އަބަދުވެސް ރުޅިއައިސްފައި ތިބޭ ގާޑުންނާވެސް ދިމާވެއެވެ.
29 އޭޕްރީލް 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ، 128 ވަނަދުވަހެވެ. މިއަދު މާލެއަށް ކޯޓްނަންބަރު، 6 ށް ގެންދިޔައެވެ. މަންތިރީގެ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދެކެވުނު ވާހަކަތަކުގެ ބަޔާނުގައި ސޮއިކުރުވާށެވެ. ބައެއްތަންކޮޅުތައް ރަނގަޅު ކުރުވުމަށް ފަހު، ސޮއިކޮށްލީއެވެ. ވަރަށް ފަސޭހައިން އެކަން ނިމިއްޖެއެވެ. ދެން ދޫނިދޫއަށް ގެނެސް ގޮޅިއަށްލާ ތަޅުލީއެވެ.
30 އޭޕްރީލް 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 129 ވަނަދުވަހެވެ. މިއަދު ކޯޓްނަންބަރު: 6 އަށް ގެންދިޔައެވެ. ހުރިހާ ބަޔާންތަކެއްގައި ސޮއިކުރެވިފައި ހުރުމުން، މިއަދު މިގެންދަނީ ހުކުމެއް އިއްވަންކަމުގައި ލަފާކުރެވުނެވެ. ކޯޓުގެ މައްޗަށް ގާޒިގެއަރިހަށް ވެއްދުމާއެކު ފުރަތަމަވެސް އިއްވަން ފެއްޓެވީ ހުކުމެވެ. އިތުރު އެއްވެސް ވާހަކައެއް އެއްޗެއް ވިދާޅެއްނުވެއެވެ. ގާޒީ އެއްފަހަރުވެސް އިސްއުފުއްލަވާ ލައްވައި އަޅުގަނޑާ ދިމާއަށް ބައްލަވާވެސް ނުލައްވައެވެ.
ހުކުމްއިއްވާ ނިމިވަޑައި ގަންނަވަންދެން އިންނެވީ އިސްދަށަށް ޖައްސަވައި ގެންނެވެ. ބާރުބާރަށް ހުކުމް ވިދާޅުވަމުން ގެންދެވިއެވެ. ފެންނަފެނުމަށް ހީވަނީ، މަޖްބޫރީ ހާލަތުގައި އިންނަވައިގެން ކުރައްވާކަމެއް ހެނެވެ. ގާޒީގެ ބޭރުފުށުން މިކަހަލަ ސިފަތަކެއް އަޅުގަނޑަށް އިހްސާސް ކުރެވެމުން ދިޔައެވެ. ކޯފާވެފައި އިންނެވި ވަށްތަރަށްވުރެ ލަދުރަކިހާލަތުގައި މަޖުބޫރީ ހާލަތެއްގައި އިންނެވި ވައްތަރު ގާޒީގެ އަމަލުތަކުން ދައްކައެވެ. އިސްއުފުއްލަވާ ނުލައްވާއި އަޅުގަނޑުގެ މޫނަށް ބައްލަވާލައްވަން ނުކެރިފައި އިންނެވިކަމަށް ފާހަގަކުރެވުނެވެ.
އަޅުގަނޑު މައްޗަށް މިހުކުމްތައް އިއްވަން ގާޒީ ބޭނުންފުޅު ވެލައްވާނަމަ، އިންނެވީހީ ވަރަށްފޯރީގައި ކޯވާވެފައި އިންނަވާ ގޮތަށެވެ. އަދި އަޅުގަނޑުގެ މޫނަށް ބައްލަވަމުން ރުޅިވެރިކަމުގައި ގަދަފޯރިއާ އެކުގައި މިކަންކުރެއްވީހެވެ. މިއީ ގާޒީގެ ކުރިމަތީގައި ހުކުމް އަޑުއަހަން އަޅުގަނޑު ހުރިއިރު އަޅުގަނޑުގެ ހިތަށް ތަސައްވަރު ކުރެވުނު އެއްޗެކެވެ. އެއްގޮތަކަށް ވެސް އަޅުގަނޑާ ދިމާއަށް ބައްލަވާއި ލޯއަޅާލާކަށް ނުހައްދަވައެވެ. އެއްފަހަރު ވެސް ހަތަރުކަޅި ހަމައެއް ނުކުރައްވައެވެ. އަޅުގަނޑުދެކެ ރުޅިއައުމުގެ ބަދަލުގައި ގާޒީއިންނެވީ، ލަދުގަނެފައެވެ. އެއިން ފާހަގަ ވަނީ ދެކެވުނު ވާހަކަތަކުގެ އަސަރުކަމަށެވެ!
އާދެ! މިގާޒީއަކީ، އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދެވެ. މިސުރުން ކިޔަވާވިދާޅު ވެގެން ހުންނެވި، ޑޮކްޓަރ އަބްދުލްހަމީދުގެ ކޮއްކޮއެކެވެ. ހަމީދަކީ އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސެކެވެ. ހއ.ދިއްދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. މިއަދު އިއްވަވާ ނިންމަވާ ލެއްވީ ދެމައްސަލައެއްގެ ދެހުކުމެވެ. ފުރަތަމަ އިއްވިހުކުމަކީ، އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތާ ގުޅިގެން ސަޓޯބަންދުގައި ހުންނަވަނިކޮށް އެންދެރިމާގޭ އިލްޔާސް އިބްރާހީމް ދެއްކެވި ވާހަކަތައް ރެކޯޑްކޮށްފައިއޮތް ކެސެޓްރޯލް މައްސަލައި ގައެވެ.
މިގަޒިއްޔާގެ ނަންބަރަކީ، 90/6-ޖޭސީ/429 އެވެ. ދައުވާފޯމް ނަންބަރަކީ، 90/231 އެވެ. ދައުވާކުރާ ފަރާތަކީ، އެޓަރނީ ޖެނެރަލް އޮފީހެވެ. ގަޒިއްޔާގެ ބާވަތަކީ، ގާނޫނާޚިލާފުވުމެވެ. ދައުލަތުގެ ފަރާތުން ވަކާލާތުކުރައްވާ ފަރާތަކީ، އެޓާރނީޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޒު މުހަންމަދު ތައުފީގެވެ. މައްސަލަ ހުށަހެޅުނު ތާރީޚަކީ، 20 އޮކްޓޯބަރ 1990 އެވެ. މައްސަލަ ނިމުނު ތާރީޚަކީ، 30 އޭޕްރީލް 1991 އެވެ. ދައުވާލިބޭ ފަރާތަކީ، އަޅުގަނޑު ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމެވެ.
ފާހަގަކުރެވޭ ނުކުތާތައް:
1- ދައުލަތުގެ އެޓަރނީޖެނެރަލްގެ ފަރާތްޕުޅުން، ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމުގެ މައްޗަށް ދައުވާކުރައްވަނީ، އާމުންނާވާހަކަ ދެއްކުންމަނާކޮށް ޖަލުގައި ހައްޔަރުކޮށްފައި އިންމީހަކާއެހެން މީހަކުޓެލެފޯނުން ދެއްކިވާހަކަތަކެއް އިލްޔާސް ހުސައިން އިބްރާހީމް އަޑުއަހާއެރެކޯޑް ކުރުވާ، ރެކޯޑްކޮށްފައިވާ ރޯލް އެހެންމީހުންނަށްދީ އަދި އެކަންކަމާބެހޭ ފަރާތަށް ނާންގާ ހުރެގެން މިދެކަމުގެ މައްޗަށެވެ.
(އާންމުންނާ ވާހަކަދެއްކުން މަނާވުމަކީ ތުހުމަތު ކުރެވުނު ކަމާގުޅިގެން ސަރުކާރުގެ ވަޒީފާގައި ހުންނެވި ޚައްސަ މީހަކަށް ވިޔަސް އަދި މިނިސްޓަރަކަށް ވިޔަސް ސިއްރުން ސިފައިންގެ މީހަކު މެދުވެރިކޮށްގެން ކޯޑްލެސް ފޯނެއްގެ ޒަރީޢާއިން ޖަލުގައި ހައްޔަރުކޮށް ބަންދުކޮށްފައިހުރި މީހަކާ އެއްވެސް ވާހަކައެއް އެފެންވަރުގެ ބޭފުޅަކު ދެއްކުމަކީ ދިވެހިދައުލަތުގެ ސިޔާދަތާއި ކަރާމާތަށް އަދި ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ މުޅިން ޚިލާފު އަމަލަކަށް ނޫނީނުވާނެއެވެ. މިފަދަ ގަޒިއްޔާއެއް ނިންމާއިރު އެފަދަ އަމަލެއް ރާއްޖޭގެ މިނިސްޓްރީ އޮފް ޑިފެންސާހަވާލުވެ ހުންނެވި ބޭފުޅަކު ކުރެއްވުމުން އޭނާގެ ބަހެއްކޯޓުގައި ނެތި މިފަދަހުކުމެއްގެ ނިޔާކަނޑައެޅުމަކީ އިންސާފެއް ނޫނެވެ.)
2- އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ދައުލަތުން އެކުރެއްވި ދައުވާގެ އަސްލަށް އިންކާރު ކުރާކަމަށާއި އެއީ އެއްގޮތަކަށް ވެސް ތެލެފޯން ކޯލެއްކަމެއް އެނގިފައި ނުވާކަމަށެވެ. ވާހަކަދެއްކެވި ފަރާތްކަމުގައިވާ، އިލްޔާސް އިބްރާހީމް ޝަރީޢަތަށް ހާޒިރުކުރައްވާފައެއް ނެތެވެ.
(އެންދެރިމާގޭ އިލްޔާސް އިބްރާހީމް، އޭރުގެ މިނިސްޓްރީ އޮފް ޑިފެންސާ ހަވާލުވެގެން ހުންނެވި ބޭފުޅާގެ ރޯލެއް މިގަޒިއްޔާގައި ބޮޑުކޮށް އޮތްހިނދު އޭނާގެ ބަހެއްނެތި، އަދި އޭނާކޯޓަށް ހާޒިރުނުކޮށް މިގަޒިއްޔާގެ ހުކުމް ސާބިތުކުރެވޭނެ ގޮތެއް ނޯންނާނެއެވެ.)
3- އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގުގައި ވެފައިވާ އިއުތިރާފަށް ބަލާއިރު ދައުލަތުން ކުރައްވާ ދައުވާއަށް ޝަރީޢަތުގެ މަޖިލިސްގައި އިންކާރުކުރި ކަމުގައިވިޔަސް ތަހުގީގުގައި ވެފައިވާ މިއިއުތިރާފަކީ، ގަވާއިދު ހަމަޖެހިފައިވާ ގޮތުން އިލްޔާސް ހުސައިން އިބްރާހީމަށް ރުޖޫޢަނުވެވޭނެ އިއުތިރާފަކަށްވާ ކަމަށްޓަކާ، ތަހުގީގުގައި ވެފައިވާ އިއުތިރާފުން ދެމީހަކު ތެލެފޯނުންދެއްވި ވާހަކަތަކެއް އިލްޔާސް ހުސައިން އިބްރާހީމް އަޑުއަހާއި ރެކޯޑްކޮށްފައިވާރޯލް އެހެންމީހުންނަށް ދިނުމާއި އެވާހަކަ ދެއްކުމާއި އެކަންކަމާބެހޭ ފަރާތަށް ނާންގާހުރިކަން ޝަރީއަތަށް ސާބިތުވެއެވެ.
(މިއީ ޝަރުޢީ އެއްވެސް ހަމައެއް ނޫނެވެ. ގާނޫނީޢިލްމުގެ ކުރިމަތީގައި ދިމާއިދިކޮޅު އަސްލެއް ނެތްވާހަކަ އެކެވެ. ހުކުމެއް ސާބިތުކުރުމަށް ބޭނުންހިފޭނެ ޢިއްލަތެއް ނޫނެވެ.)
4- މިރޯލްގެވާހަކަ ކަމާބެހޭފަރާތަށް އިލްޔާސް ހުސައިން އިބްރާހީމް އަންގާފައިނުވާތީ، ދައުލަތުން ކުރައްވާދައުވާއަށް ބަލާއިރު އިލްޔާސް ހުސައިން އިބްރާހީމަކީ، އެރޯލްއަޑުއަހާއި ރެކޯޑްކޮށްފައިވާރޯލް އެހެންމީހުންނަށް އަޑުއަހަންދިނުމާއި އެވާހަކަދައްކާއި ހެދިކަމަށް ވާހިނދު ގާނޫނު އަސާސީގެ، 12 ވަނަ މާއްދާއާއި އިލްޔާސް ހުސައިން އިބްރާހީމް ޚިލާފުވުމުގެކުށް އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ސާބިތުވާކަމަށްޓަކާ، އަދި އެކަންކަމާބެހޭ ފަރާތަށް ނާންގާހުރެގެން ދައުލަތުންކުރައްވާ ދައުވާއަށް ގާނޫނުލް އުގޫބާތުގެ، 72 ވަނަމާއްދާގެ ދަށުން އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް އުގޫބާތް ކަނޑައަޅާނެ ތަނެއްއޮތް ކަމަށް ޝަރީޢަތުގެ މަޖިލީހަކަށް ނުފެނެއެވެ.
ހުކުމް:
ދެންފަހެ އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، ދައުލަތުން ކުރައްވާ ދައުވާއާއި އެއްގޮތަށް ދެމީހަކު ތެލެފޯނުން ދެއްކިވާހަކަ ތަކެއް އިލްޔާސް ހުސައިން އިބްރާހީމް އަޑުއަހާއި އެވާހަކަތައް ރެކޯޑްކޮށްފައިވާ ރޯލް އެހެންމީހުންނަށްދީ އެވާހަކައެކި މީސްމީހުން ގާތުގައި ދައްކާހެދިކަމަށް ޝަރީޢަތުގެ މަޖިލިސްގައާއި ތަހުގީގުގައި އިލްޔާސް ހުސައިން އިބްރާހީމް ބުނެފައިވާ އިއުތިރާފުން، ޝަރީޢަތަށް ސާބިތުވީހިނދު ގާނޫނު އަސާސީގެ، 12 ވަނަމާއްދާއާ ޚިލާފުވުމުގެ ކުށުން އިލްޔާސް ހުސައިން އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާއި އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް މިސާބިތުވި ކުށުގެ އުގޫބާތެއްގެ ގޮތުން ގާނޫނުލް އުގޫބާތުގެ، 88 ވަނަމާއްދާގެ (ހ) ގެދަށުން އިލްޔާސް ހުސައިން އިބްރާހީމް، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް އަރުވާލުމަށް ހުކުމްކޮށް، މިގަޒިއްޔާ ނިންމީއެވެ. މިގަޒިއްޔާބަލާއި ނިޔާކަނޑައެޅީ، އަބްދުލް ޣަފޫރުއަހްމަދު، ޖަސްޓިސްގެ ޚާއްސަގާޒީއެވެ.
6 މަސްދުވަހަށް އަރުވާލުމުގެ މިހުކުމް އިއްވާ ނިމުމާއެކު ގާޒީއަނެއް މައްސަލައިގެ ހުކުމް އިއްވަން ފެއްޓެވިއެވެ. ދޭތެރޭގައި އެއްވެސް ހިނދުކޮޅެއް ނުދެއްވައެވެ. މިދެހުކުމް އިއްވެވީ ޖެހިޖެހިގެންނެވެ. ދެގަޒިއްޔާއެއްގެެ ދެހުކުމަށް ވާގޮތަށެވެ. ދެވަނައަށް މިއަދު މިނިންމެވީ، ތަހުގީގަށް ދޮގުމައުލޫމާތު ދިނުމާގުޅިގެން، 3 (ތިނެއް) މަސްދުވަހަށް ގޭގައިބަންދު ކުރުމުގެ ހުކުމެވެ.
މިހުކުމުގެ ގަޒިއްޔާނަންބަރަކީ، 91/6-ޖޭސީ/193 އެވެ. ދައުވާފޯމް ނަންބަރަކީ، 91/123 އެވެ. ދައުވާކުރާ ފަރާތަކީ، އެޓަރނީޖެނެރަލްގެ އޮފީހެވެ. ގަޒިއްޔާގެ ބާވަތަކީ، ދޮގުމައުލޫމާތު ދިނުމެވެ. ދައުލަތުގެ ފަރާތުން ދައުވާކުރައްވަނީ، އެޓަރނީޖެނެރަލް އޮފީހުގެ ސްޓޭޓް އެޓަރނީ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ. ހުށަހެޅުނު ތާރީޚަކީ، 10 އޭޕްރީލް 1991 އެވެ. ނިމުނުތާރީޚަކީ، 30 އެޕްރީލް 1991 އެވެ. ދައުވާލިބޭ ފަރާތަކީ، ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމެވެ.
ފާހަގަކުރެވޭ ނުކުތާތައް:
1- ދައުލަތުގެ އެޓަރނީޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، މައްސަލައަކާ ގުޅިގެން އިލްޔާސް ހުސައިން އިބްރާހީމް، ޕޮލިސް ހެޑްކުއާޓަޒްއަށް ހާޒިރުކޮށް ސުވާލުކުރުމުން ތަހުގީގުގައި ދޮގުހެދިކަމަށް އިއުތިރާފް ވެފައިވާތީ މިކުށުގެ މައްޗަށެވެ.
2- ދައުލަތުން ދައުވާކުރެއްވި ފަދައިން އެރޯލްލިބުނުގޮތް އިލްޔާސް ހުސައިން އިބްރާހީމްގެ ބަޔާނުގައި އެވަނީކަމަށާއި ނަމަވެސް ކުރިންދިން ބަޔާނުގައި އެރޯލްލިބުނުގޮތެއް ނޭނގޭކަމަށް ދަންނަވާފައިއެވަނީ އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ މިމައްސަލައިގެ ތެރެއަށް ނުވެއްދުމަށް ބޭނުންވާތީކަމަށް ޝަރީޢަތުގެ މަޖިލިސްގައި އިލްޔާސް ހުސައިން އިބްރާހީމް ބުނެއިއުތިރާފް ވެފައިވެއެވެ.
(ގާޒީއަށް އަޅުގަނޑު ދަންނަވާފައިވާނީ، މިކަންކުރީ އަޅުގަނޑުގެ ނަފްސުގެ ދިފާޢުގައި ކަމަށެވެ. އަޅުގަނޑުގެ އެއްބަޑުއެއްބަފާ ފުރާނެއެއް ސަލާމަތްކުރުމަކީ އަޅުގަނޑުގެ ނަފްސުދިފާޢު ކުރުން ނޫންކަމަކަށް ނުވާނެކަމަށެވެ.)
3- އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު އެބަޔާނުގައި ބުނެފައިވަނީ، ޕޮލިސްހެޑްކުއާޓަޒްގައި ކުރިންދީފައިވާ ބަޔާނުގައި އެރޯލް އިލްޔާސް ހުސައިން އިބްރާހީމަށް ދިން ނުވަތަ އިލްޔާސް ހުސައިން އިބްރާހީމްގެ މޭޒުމަތީގައި އެރޯލްބޭއްވި މީހަކުނޭންގޭ ކަމަށް ދެންނެވުނުގޮތަކީ، އެރޯލް އިލްޔާސް ހުސައިން އިބްރާހީމަށް ދިނީ ޖަވާހިރުވާދީ އަހްމަދު ރަޝީދު ހުސައިން ކަމަށްވެފައި އަހްމަދު ރަޝީދަކީ، އެއްބަނޑު އެއްބަފާ ކޮއްކޮކަމަށް ވާތީ އަމިއްލަ ނަފްސުދިފާޢު ކުރުމަށާއި އޭނާމި މައްސަލައިގެ ތެރެއަށް ނުވެއްދުމުގެ ގޮތުން ދެންނެވި ދެންނެވުމެއް ކަމަށެވެ.
ހުކުމް:
ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު ދައުލަތުން ކުރެއްވި ދައުވާއާއެއްގޮތަށް މައްސަލައަކާ ގުޅިގެން އިލްޔާސް ހުސައިން އިބްރާހީމް ޕޮލިސް ހެޑްކުއާޓަޒަށް ހާޒިރުކުރައްވާ ސުވާލުކުރެއްވުމުން ތަހުގީގުގައި ދޮގުހެދިކަމަށް ޝަރީޢަތުގެ މަޖިލީހުގަޔާއި ތަހުގީގުގައި ބުނެފައިވާ އިއުތިރާފުން ޝަރީޢަތަށް ސާބިތުވާހިނދު ގާނޫނުލް އުގޫބާތުގެ، 62 ވަނަމާއްދާގެ ދަށުން ދޮގުހެދުމުގެ ކުށުން، އިލްޔާސް ހުސައިން އިބްރާހީމް، ކުށްވެރިވެއްޖެކަމަށް ކަނޑައަޅާއި އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް މިސާބިތުވި ކުށުގެމައްޗަށް އުގޫބާތެއްގެގޮތުން ގާނޫނުލްއުގޫބާތުގެ، 63 ވަނަމާއްދާގެދަށުން، އިލްޔާސް ހުސައިން އިބްރާހީމް، 3 (ތިނެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީއެވެ. މިގަޒިއްޔާބަލާއި ނިޔާކަނޑައެޅީ، އަބްދުލްޣަފޫރު އަހްމަދު ޖަސްޓިސްގެ ޚާއްސަގާޒީއެވެ.
މިއަދުގެ ދެހުކުމްއިއްވާ ނިމުމުން، ކޯޓުންނެރެގެން ގެންގޮސް މާލޭގައި އެއްގޮތަކަށް ވެސް މަޑުނުކޮށް ގެންދިޔައީ ސީދާ ދޫނިދޫއަށެވެ. މިއަދުގެ ހުކުމް އިއްވުން ނިމުނީ މެންދުރު، 11:45 އެހާކަންހާ އިރުއެވެ.
5 މެއި 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 134 ވަނަދުވަހެވެ. މިއަދަކީ ވަރަށްއުފާވެރި ދުވަހެކެވެ. އަޅުގަނޑުގެ އުފަންދުވަހެވެ. މިއަދަކީ އުމުރުން، 34 އަހަރުފުރުނު އުފަންދުވަހެވެ. ހުރީ މީހަކާ ނުއިނދެއެވެ. އަޅުގަނޑު ވިހެއީ، 05.05.1957 ގައެވެ. ޖަލުގެ ކުޑަގޮޅީގައި ބަންދުވެފައި އިނުމުން ވަކިކުރާނެ ކަމެއްނެތެވެ. އަމިއްލައަށް އަޒުމް ވަރުގަދަކޮށްލައި، ﷲއަށް ދުޢާދަންނަވާއި ހެޔޮރަހްމަތަށް އެދި ﷲއަށް ދެންނެވީމެވެ. ދުޅަހެޔޮ ދިގު އުމުރެއް ދެއްވުންއެދި ދެންނެވީމެވެ! އާމީން!
30 މެއި 1991 ވީބުރާސްފަތި ދުވަހު ހަންދުއާއި ބިގޭއާއި އަބްދުﷲ ސަލީމާއި އިބްރާހީމް ނަސީމް (ކިޔޮޅު) ކޯޓުނަންބަރު ހައަކަށް ގެންދިޔައެވެ. އެމްޓީސީސީގެ ކޮއިމަލާ ލާންޗުގައި ކަޓޫރަބޮމެއް ގޮއްވާލިކަމުގެ ކުށަށް ދައުލަތުން ދައުވާ އުފުލުމަށެވެ. މިދައުވާގެ ގަޒިއްޔާ ނަންބަރަކީ، 91/6-ސީޖޭ/326 އެވެ. ގަޒިއްޔާގެ ބާވަތަކީ ޓެރަރިޒަމެވެ. ވަކާލާތު ކުރެއްވީ އެޓަރނީ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް ސްޓޭޓް އެޓަރނީ އަލްއުސްތާޒު އަބްދުﷲ ޒުހައިރެވެ. މިގަޒިއްޔާ ނިންމީ ވަރަށް ދިގުދަންމާފައެވެ. ނިންމި ތާރީޚަކީ، 26 އޮގަސްޓް 1992 އެވެ.
އުފެއްދި ގެވެށި ފަސް ކަޓޫރަބޮމްށް ހެދިގޮތް:
ކިޔޮޅަކީ، މިކަންތައްގަޑުގައި ދަންޑެހެލުގެ ވަޒީފާ އަދާކޮށްދިން ހިތްވަރުގަދަ ބަޠޮލެކެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަށް އޭނާވެދެއްވި ގުރުބާނީ އަކީ، އޭނާގެ ފެންވަރުގައި ތައުރީފު ހައްގު މުހިންމު ރޯލެކެވެ. މީނާ އޭރުހުރީ މިނިސްޓްރީ އޮފް ފިޝަރީޒްގެ މެރީންރިސާޗް ބައިގައި ގެންގުޅޭދޯނި “ފަރުމަސް” ދުއްވާ މީހާގެ ވަޒީފާގައެވެ. ބިގޭ ވަޒީފާއަދާކުރަނީ އެއޮފީހުގައެވެ. މިދޯނި އޮންނަނީ ބިގޭގެ ބެލުމުގެ ދަށުގައެވެ. ކިޔޮޅު މިދެންނެވި، ކަޓޫރަބޮން ހިފައިގެން ދެރޭއްގެ މަތިން ކޯސްޓްގާރޑު ލޯންޗަކަށް އެރިއެވެ.
އެހެނަސް ދޮރުލައްޕާފައި ހުރެގެން އެތެރެއަށް ނުވަދެވިގެން ބޭރުގައި ބާއްވާފައި ފައިބަން ބޭނުންނުވީ، އެތެރޭގައި އިންސާނަކު ނިދާފައި އޮވެދާނެތީއެވެ. އެއްވެސް ފުރާނައަކަށް ގެންލުމެއް ވެދާނެތީއެވެ. ދެންވިސްނީ ސަރުކާރުގެ މިލްކިއްޔާތުގައިވާ އެހެން ލާންޗެއްގައި މިކަޓޫރަބޮން ގޮއްވާލާށެވެ. މިވިސްނުމުގައި އުޅެނިކޮށް ދެންފެނުނީ، އެހެލާފައިއޮތް އެމްޓީސީސީގެ ކޮއިމަލާ ލާންޗެވެ. އެތެރޭގައި ނުރައްކާވާނެ އެއްވެސް ކަންފުޅެއް ހިލަމެއްނެތެވެ.
މިކަން ކުރުމަށް ނިންމަންޖެހުނު ގޮތަކީ، މާލެތެރޭގައި ފަސާދައުފައްދަމުން ގެންދިޔަ “ބިންބިފޯސް” އައި ދެކޮޅަށް އެމީހުން ބިރުގަންނަވާލުމުގެ ގޮތުން ބޭނުންކުރުމަށް އިތުރު ކަޓޫރަބޮމެއް އުފައްދާފައި އޮތީމާ، ކޮންމެހެން އޭތިބޭކާރުކޮށް ނުލާގޮއްވާލަން ޖެހުނީމައެވެ. ޖުމްލަ ތިން ކަޓޫރަބޮން އުފެއްދިއެވެ. ތިންވަނަ އެއްޗަށް ކިޔޮޅު ހެދިގޮތަކީ، ކަނޑުފައްތާ އޭގެ ދުވަސް ދުއްވާލީއެވެ. ދެންހެދި ދޭއްޗަކީ ޓެސްޓަށް ހެދިދޭއްޗެވެ. ގޮވާތޯބެލުމަށް ޓެސްޓުހަދާށެވެ. މުޅި އެކު ތައްޔާރު ކުރީ ފަހެތިއެވެ.
2 ޖޫން 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 162 ވަނަ ދުވަހެވެ. މިދިޔަ ދުވަސްތައް ދިޔައީ އާދައިގެ މަތިންނެވެ. ޚާއްސަކަމެއް ނެތެވެ. މިއަދު ހަވީރުވިތަނާ ހެން، މިހާރުޖަލު ބަލެހެއްޓުމާ ހަވާލުވެގެން ހުންނަވާ، އަދުނާން ސަރުދާރު ގޮޅިއަށް ދުރުވެ އެންގެވީ ހަވީރު، 4:30 އަށް ބޭރަށް ނުކުމެވޭގޮތަށް ތައްޔާރު ވެލައިގެން ހުރުމަށެވެ. ބަރާބަރު، 4:30 ވިތަނާހެން އޭނާ، އަޅުގަނޑުބަލާ ދުރުވެއްޖެއެވެ.
އަދުނާނު ސަރުދާރު އަޅުގަނޑު ގޮވައިގެންގޮސް ވެއްދީ، ދޫނިދޫގެ ތަހުގީގުބައިގައި ހުންނަކޮޓަރި އަކަށެވެ. އެތަނުން ދޮންދައްތަ، އަޅުގަނޑަށް ފެނިއްޖެއެވެ. ދޮންދައްތަ ބައިންދާފައި އިނީ އެތާހުރި މޭޒެއްގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އަޅުގަނޑު ފެނުމުން ދޮންދައްތަ އިން ގޮނޑިން ތެދުވެއްޖެއެވެ. އުފަލުންގޮސް އަޅުގަނޑު މެންނަށް ބައްދާލައި ސަލާންކޮށް ލެވުނެވެ. އަޅުގަނޑަށް، ކައިރީގައި ހުރި އަނެއް ގޮނޑީގައި އިށީނުމަށް އެތާތިބި ސިފައިން އެންގެވިއެވެ.
މިބައްދަލު ވުމަކީ ދޮންދައްތަ އެދިގެން އަޅުގަނޑާ ބައްދަލުކުރުމަށް ރާވައިދިން އާއިލީ ބައްދަލުވުމެކެވެ. މިއީ މިގޮތުން ދެއްވި ފުރަތަމަ ފުރުސަތެވެ. 162 ދުވަހަށް ފަހު، މިފަދަފުރުސަތެއް ދެއްވުމުން ވަރަށް އުފާވިއެވެ. ދައްކާހަދާ ވާހަކަތައް ރެކޯޑު ކުރުމަށް ފާޅުގައި ފެންނަގޮތަށް ރެކޯޑަރެއް ބަހައްޓާއި ސެޓުކޮށް ހަދާފައި ހުއްޓެވެ. އަދި އަދުނާނު ސަރުދާރު ކައިރީގައި މޭޒުގެ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އަޑުއިވޭ ހިސާބުގައި އޭނާ އިންނެވިއެވެ.
އަދި އިތުރަށް ސިފައިންގެ އާދައިގެ މީހަކުވެސް ކައިރީގައި ކޮޅަށް ހުއްޓެވެ. ތިރީހަކަށް މިނެޓެ ވާހަކަ ދެއްކުމަށް ވަގުތު ދެއްވިއެވެ. އަޅުގަނޑު ބޭނުންވި ހުރިހާ ވާހަކައެއް ދެކެވުނެވެ. އެއްވެސް ހިސާބަކުން ވަކިމަނަލެއް ނާދެއެވެ. އެހެނަސް އާދައިގެ މަތިން ފަށައިގަތުމުގެ ކުރިން، ތަހުގީގުގެ ވާހަކަތަކާއި މައްސަލައާ ބެހޭ ވާހަކަތައް ނުދެއްކުމަށް އެންގިއެވެ. އަދި އެއީ މިފަދަބައްދަލުވުން ތަކުގެ ގަވާއިދު ކަމުގައި ވެސް އަދުނާނު ސަރުދާރު ވިދާޅުވެ ދެއްވިއެވެ.
ދޮންދައްތަގެ ފަރާތުން، މާމަ ވަރަށްބަލިވެ އުޅޭކަމާއި މާމަ ތިޔަކުދިންނާ ބައްދަލުވާން ވެގެން އެދޭތީ، އެކަމަށް އެދިވެސް މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލާފައި ވެއްޖެކަން އެނގުނެވެ. އެހުއްދަ ވެސް ވަރަށް އަވަހަށް ދެއްވާނެކަމަށް ޑިފެންސުން އަންގާފައި ވާކަމުގައި ދޮންދައްތަ ބުންޏެވެ. މާމައާ ބައްދަލު ކުރަން ކުޑަވަގުތު ކޮޅަކަށް އަޅުގަނޑުމެން ވަކިވަކިން ގެއަށް ގެންދާގޮތަށް ހަމަޖެހޭނެ ކަމަށް ދޮންދައްތަ ބުންޏެވެ. އަދި ޑޮކްޓަރ ވަހީދު (ވަހީދުބެ) މާލެއައި ވާހަކަވެސް ބުންޏެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް ވަހީދުބޭގެ މަގާމު ބަދަލުކޮށް، އެއްވެސް މަސްއޫލިއްޔަތެއް ނެތްގޮތަށް އޮފީހަށް ނުނިކުމެ ހުރުމަށް ރައީސް އޮފީހުން އަންގަވާފައި ވާކަމަށް ދޮންދައްތަ ބުންޏެވެ. މިއީ މިސަރުކާރުން، މީހާ ނިކަމެތިކޮށް އިހާނެތިކޮށް ލުމަށާއި މީހާ ދަށްކޮށްލުމުގެ ގޮތުން، ކުރާކަމެކެވެ. އެހެން މީހުންގެ ކުރިމަތީގައި މީހާގެ އަގުވައްޓާ ލުމަށް ކުރާ އިންސާނިއްޔަތާ ދިމާ ޚިލާފު ކަމެކެވެ. ގޭގެއެހެނިހެން ގިނަޚަބަރުތައް ލިބުމުން މިއަދަކީ، ވަރަށްބޮޑަށް އުފާވި ދުވަހެކެވެ.
ޖަލުތެރެއިން ފުރަތަމަ ފަހަރަށް ތިމާގެމީހަކާ ބައްދަލުވެ ވާހަކަ ދައްކާލުމުގެ އުފާވެރި ފުރުސަތު ލިބުނު ދުވަހެވެ. ދޮންދައްތަ ގާތުގައި، އަޅުގަނޑަށް ނޯޓްފޮތާއި ގަލަމާއި ފަންސޫރާއި ނޫސްމަޖައްލާ ތަކާ، އަދި ގިނަބޭންޑުތައް ހިމެނޭ ދުނިޔޭގެ ޚަބަރުތައް ފަސޭހައިން އަޑުއެހޭނެ އަތްމަތީރޭޑިޔޯއެއް ފޮނުވައި ދެވޭތޯ މަސައްކަތް ކޮށްދެއްވުމަށް އެދުނީމެވެ. މާލެގޮސް މާދަމާ ތިޔަކަމާ މިނސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލައިގެން އުޅެދޭނެކަމަށް ދޮންދައްތަ ބުންޏެވެ. މިވާހަކަތަކާ އެކު، މިހާހިސާބުން މިއުފާވެރި ބައްދަވުން ނިމުނީ، ސަލާންގަލާން ކުރުމާ އެކުގައެވެ. މިއަދަކީ އުފަލުން ރޮވުނު ދުވަހެކެވެ. ދެން އަދުނާނު ސަރުދާރު އަޅުގަނޑު ގެނެސް ގޮޅިއަށްލާ ތަޅުލީއެވެ.
5 ޖޫން 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 165 ވަނަ ދުވަހެވެ. މިއަދުހަވީރު، އަދުނާން ސަރުދާރު ދުރުވެ، މިރޭވަގުތީ ގޮތުންމާލެ ގެންދިއުމަށް ހަމަޖެހިފައި ވާތީ، 7:30 އަށް މާލެގޮސްލުމަށް ތައްޔާރުވެގެން ހުރުމަށް އެންގެވިއެވެ. މާމައާ ބައްދަލުވުމަށް ގެއަށްގެންދަން ހަމަޖެހުނީ ކަމަށް ލަފާކުރެވިއްޖެއެވެ. ވަކިއެހެން އެއްވެސް އެއްޗެއް ނާންގާ މާލެގެންގޮސް ސިފައިންގެ ޖީޕަށް އަރުވައިގެން ގެންދިޔައީ ޖަވާހިރުވާދީ އަށެވެ.
ޖީޕުގައި އިންނެވި އޮފިސަރެއް ކަމުގައިވާ ޅަބޭ ވިދާލުވީ، 30 މިނެޓަށް މާމައާބައްދަލު ކުރުމަށްގެއަށް ގެންދަން ހަމަޖެހިފައި އޮތުމުން ގެއަށް ގެންދެވެނީ ކަމަށެވެ. ލޯންޗުން ފޭބިގޮތަށް، އަބަދުވެސް ޅަބޭ އަޅުގަނޑު ގާތުގައި ޖެހިގެން ހުރެއެވެ. އެއްގޮތަކަށް ވެސް އަނގައިނެއް ނުބުނެއެވެ. މިފުރުސަތުގައި ގޭގައި އެންމެންވެސް ތިބުމުން ވަރަށް ގިނަ މީހުންނާ ގެއިން ބައްދަލު ވިއެވެ. ފުރަތަމަ އިސްތިގްބާލު ކުރީ ވަހީދުބެއެވެ. މާމަ ކައިރީގައި އެނދުމަތީ އިންދެގެން ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ.
މާމަވެސް ރޮމުން ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. މާމައަށް ހިތްވަރުގަދަ ކުރުމަށް އަޅުގަނޑު ނަސޭހަތްތެރި ވީމެވެ. އަޅުގަނޑުމެން ޖަލުގައި ތިބިހުރިހާ ކުދިންގެ ހާލުވެސް ވަރަށް ރަނގަޅުކަމާއި މުޅިންގަދަވެ ތިބިކަމަށް ބުނެދިނީމެވެ. މާމަ އެއްގޮތަކަށް ވެސް ދެރަނުވުމަށް ނަސޭހަތްތެރި ވީމެވެ. މާމަ އަބަދުވެސް އެނދުގައި އިންނަވާއިރު އަލްހަމްދު ސޫރަތް ކިޔާއި ﷲ ހަދާންކޮށް ހެޔޮދުއާ ކުރުންމަތީގައި އަބަދުވެސް ހޭދަކުރުމަށް ހަދާންކޮށް ދިނީމެވެ. މާމައަކީ، ﷲގެ އިރާދަފުޅުން ސުވަރުގޭގެ އަހުލުވެރިއެކޭ ދެންނެވީމެވެ.
މާމަމަތިން ހަދާންކޮށް ޖަލުގައި އޮންނައިރު އަބަދުވެސް އަޅުގަނޑު، ﷲއަށް ދުޢާކޮށް ސުވަރުގޭގައި އަބަދާއި އަބަދަށް މާމަ ލެއްވުމަށް އެދި ދުއާކުރާ ވާހަކަ ބުނެދިނީމެވެ. މިވާހަކަތައް އަހާފައި މާމަ ހީވަނީ އުފަލުން އެހެންކަމެއް ހެނެވެ. ވަރަށް ފިރުމާހެދިއެވެ. މާމައަކީ އަބަދުވެސް އަޅުގަނޑު ދެކެވަރަށް ލޯބިވާމާމައެކެވެ. ސްކޫލަކަށްދިޔަ ފުރަތަމަ ދުވަހު މޮންޓުސޫރީ ސްކޫލަށް ގެންދިޔައީ ވެސް މާމައެވެ. ފުރަތަމަ މާމަކީ ފިރިހެން ކުއްޖަކީ، އަޅުގަނޑަށް ވުމުން އަބަދުވެސް މާމަގެ ވަރަށްގާތް ލޯތްބެއް އަޅުގަނޑަށް ހުރެއެވެ.
މާމައާއެކު އެނދުމަތީގައި އިނދެގެން ވަރަށް ހަދާނީފޮޓޯއެއް ނެގީމެވެ. މާމައާއި ޖެފާއި ނީޝާނާއި އަޅުގަނޑު އަރާގޮތަށެވެ. މިއީ ހަގީގަތުގައި ވެސް ވަރަށް ހަދާނީފޮޓޯއެކެވެ. ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގެ އަލްބަމުގައި މިފޮޓޯއަޕްލޯޑް ކޮށްފައި ހުންނާނެއެވެ. އަދި އަޅުގަނޑުގެ ސައިޓުގައި މިފޮޓޯ ތާރީޚަށްޓަކައި ލާފައިވާނެއެވެ. ހަދާންވާގޮތުގައި މިފޮޓޯނެގީ ވަހީދުބެއެވެ. ނުވަތަ ތުއްތަ އިދްހާމެވެ. ނީޝާނާއި ޖެފްވެސް ވަރަށް އުފަލުން އެރޭއުޅުނީ އެވަގުތުކޮޅު އަބަދުވެސް އަޅުގަނޑުގެ އުނގުގައެވެ.
މިރެއަކީ ޖަވާހިރުވާދީއަށް ވަރަށް އުފާވެރިރެއެކެވެ. ޖަލުގައިތިބި ހަންދާއި ބިގޭއާއި އަޅުގަނޑުމެން، 3 މީހުންވެސް ވަކިވަކިން ގެއަށް ގެނެސް މާމައާ ބައްދަލުކުރުވި ރެއެވެ. ދޮންދައްތަމެން، އަޅުގަނޑުމެން ތިންމީހުންގެ ވެސް ފޮޓޯނަގާފައި ހުއްޓެވެ. ރ.އަތޮޅު މެންބަރު އަލްފާޟިލް އަލީވަހީދު އަބްދުއް ރައްޒާގާއި މ.އަސްރަފީގޭ އަލްފާޟިލް އާދަމް އިބްރާހީމް އާވެސް ބައްދަލުވިއެވެ. ގޭގައިމިވީ ވަގުތުކޮޅަކީ، ވަރަށް އުފާވެރިވަގުތު ކޮޅެކެވެ. 30 މިނެޓްހަމަވުމުން ޅަބޭ އަޅުގަނޑުގެނެސް ދޫނިދޫގައިހުރި ގޮޅިއަށްލާ ތަޅުލީއެވެ.
އެރޭ އެއްގޮތަކަށް ވެސް ނުނިދުނެވެ. ގޮޅީގައި އަށިގަނޑު މަތީގައި އެނބުރިއެނބުރި އޮތީއެވެ. ގޭގެއެކި ޚިޔާލުތަކުގައި މުޅިރޭ ދިޔަގޮތެއްވެސް ނޭނގުނެވެ. ވަކިން ޚާއްސަކޮށް ގެއިންނުކުތް ވަގުތު، ވަހީދުބޭ ދެއްކެވި ވާހަކަތަކާއި ދެއްވި ނަސޭހަތަކީ، އަބަދުވެސް ހަދާނުން ކެހިގެންދާނެ ވާހަކަކޮޅެއް ނޫނެވެ. އަދި އެވާހަކަތަކުން ލިބުނު ހިތްވަރަކީ، ދުވަހަކުވެސް ހަދާނުން ނެތިގެން ނުދާނެ ހިތްވަރެކެވެ. އިތުރަށް އަޒުމް ވަރުގަދަކޮށް ހިތްވަރު އާލާކުރެވުނެވެ. މިލިބުނީ މުޅިން އާހިތްވަރެކެވެ. އެވާހަކަކޮޅު މޮޅުވެފައި އަސަރުގަދައެވެ.
ޖަލުން ޚަބުރިސިޓީއެއް އެމްނެސްޓިއަށް ބޭރުކުރުން:
މާލެއަށް ގެންދިޔަ މިދަތުރު ނިމެންދެން ޅަބޭ ވިއްދާފައި ކައިރީގައި ހުއްޓެވެ. އެހެނަސް، ﷲގެ އިރާދަފުޅުން އަޅުގަނޑު ކުރަން ގަސްދުކުރި ހުރިހާކަމެއް އެންމެފުރިހަމަކޮށް ކުރުމުގެ ފުރުސަތު، ﷲ އަޅުގަނޑަށް ދެއްވިއެވެ. ޖަލުގައި ކުރިއަނިޔާތަކާއި ތަހުގީގުގައި ހިންގި ނޭތްގާނީ އަމަލުތަކުގެ ވާހަކަތަކާއި ޖަލުގެ އެހެނިހެން ހުރިހާ ރިޕޯޓެއް ކުދިކުދިކޮށް ލިޔެފައިހުރި ކަރުދާސްތައް ވަރަށްކުޑަކޮށް ފަތްޖަހާ ތަވީދެއްހެން ހެދުމަށްފަހު، އަޅުގަނޑު ގެއަށް ދިޔައީ އެތަވީދު ހިފައިގެންނެވެ.
އަންނިއާއި ސައްޕެއާއި އަޅުގަނޑުމެންނަށް ހެދިހުރިހާ ގޮތެއްގެ ވާހަކަތައް ތަފްސީލުކޮށް މިތަވީދުގައި އަޅުގަނޑުމެން ތިންމީހުންގެ ސައްލާ އާއެކު، ލިޔެފައި ވާނެއެވެ. އެއީ އެތައް ދުވަހެއްގެ ބުރަ މަސައްކަތެވެ. ޖަލުގެ ޔައުމިއްޔާ ތަކެވެ. މިހުރިހާކަމެއް ހިންގަނީ އަޅުގަނޑެވެ. މިރޭމިތަވީދު ރައްދުކުރަންޖެހޭ މީހާއަށް ރައްދުކޮށް ދެވުނީމާ ވަރަށް އުފާވިއެވެ.
މާމައާއެކު އެނދުމަތީގައި އިންގިނަވަގުތުގައި އެތަވީދު އަޅުގަނޑުގެ ގައިގާއޮތްތަނުން ނަގާއި މާމަގެ އެނދުމަތީގައި އޮތްގޮދަޑީގެ އަރިމަތީން ފަޑިއާދިމާލުން އެދޭތެރެއަށް ޖަހާލެވުނެވެ. ނުކުތުމުގައި ބައްދާ ސަލާންކުރި ވަގުތުގައި ތަވީދުއޮތްތަނުން ނެގުމަށް ބުނަންޖެހޭ މީހާގާތުގައި ސާފުކޮށް އެވާހަކަ ބުނެދެވުނެވެ. މިއީ، ﷲ އަޅުގަނޑަށް ދެއްވި މަދަދެއްކަން ކަށަވަރެވެ.
ގެއަށްދިއުމަށް ނުކުތްވަގުތުން ފެށިގެން އަޅުގަނޑު ގެންދިޔައީ މިމަސައްކަތް ފަޅާއެރުމެއްނެތި ކާމިޔާބުކޮށް ދެއްވާތޯ، ﷲއަށް އަބަދުވެސް ދަންނަވަމުންނެވެ. އަދި މިވާހަކަ ބުނި މީހާގެޖަވާބު އަޅުގަނޑަށް ލިބިކަށަވަރު ވަންދެން ސަލާމުގެ ބަޣަލްގީރީގެ ބެއްދުމުގައި މަޑުކޮށްލަން ޖެހުނެވެ. އޭނާއަށް އޮޅުންފިލައި އޯކޭދީނިމެންދެން ސަލާމުގައި ދެމިހުރީއެވެ. މިތަވީދުގައި ހުރިމުހިންމު ވާހަކަތައް އެމްނެސްޓީ އިންޓަރނެޝަނަލުން، 1990 އިންފެށިގެން، 1993 އަށް ނިސްބަތްކޮށް، ނެރުނު މުހިންމު ރިޕޯޓްގައި ވަރަށްސާފުކޮށް ހިމަނާފައި ހުއްޓެވެ.
ޖަވާހިރުވާދީ އިލްޔާސް، 3 ވަނަފަހަރު ޖަލަށްލުން ބާބުއެކެއް ފެށުމުގައި މިރިޕޯޓަށް ހަވާލާދީފައި ވާނެއެވެ. އެރިޕޯޓު ހޯއްދަވައިގެން ބައްލަވާ ލައްވާށެވެ. ތާރީޚަށްޓަކައި މިރިޕޯޓް ކިޔުއްވާލެއްވުން ވަރަށް މުހިންމެވެ. އަޅުގަނޑު އަތުގައި މިހާރުވެސް އެރިޕޯޓް އެބައޮތެވެ. އިރާދަކުރެއްވިއްޔާ އޭގެ ސްކޭންކޮޕީއެއް އަޅުގަނޑުގެ ސައިޓަށް ލާނަމެވެ. މާމައާ ބައްދަލު ވުމަށް ގެއަށް ގެންދިޔަ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެކެވެ. ރާއްޖެ ދެކެމުން އައިބޮޑު ޑިމޮކްރަސީއަށާއި ރާއްޖޭގެ އިސްލާހީ މަސައްކަތަށް މިދަތުރުން ކާމިޔާބާއި ނަސްރު ލިބުނެވެ. ﷲއަށް އެތައްހާސް ޝުކުރެއް ކުރީމެވެ.
10 ޖޫން 1991 ވީހޯމަދުވަސް، ޖަލުގައި ހުންނަތާ 170 ވަނަ ދުވަހެވެ. މިއަދު، ރައީސް މައުމޫނަށް އެޑްރެސްކޮށް މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލިޔުނީމެވެ. އެއީ ޖަލުގައި ހުންނައިރު ބައެއް ޚިދުމަތްތަކާއި ބައެއް ކަންތައްތައް ހޯދުމަށެވެ. މިކަންތައްތަކުގެ ތެރޭގައި ދުފުމާއި ކިރުސައި ހޯދުމާއި ފަންސުރާއި ގަލަމާއި ކަރުދާހާއި އަދި ކަސްރަތު ކުރުމަށް އެއްގަޑިއިރު ވަންދެން ގޮޅިން ނެރެދިނުމަށް އެދި ދެންނެވީމެވެ. މިއަހަރުގެ ބޮޑުޢީދުދުވަހަކީ، 22 ޖޫނެވެ. މިއަހަރު (1411 ވަނަ ހިޖްރީއަހަރު) ގެހައްޖު ދުވަހަކީ، 21 ޖޫނެވެ.
ވަޅުޢީދު ދުވަސް ކަމުގައިވާ، 23 ވަނަދުވަހު ކިރުސަޔާއި ދުފުން ލިބޭނެގޮތް ހަމަޖެހުނެވެ. މީގެފަހުން ސައިގެ ކޮންމެފަހަރަކު ވެސް ލިބެނީ، ކިރުސަޔެވެ. ކެއުމަށްފަހު، ދުފަން ވެސް ލިބެންފެށީއެވެ. އަދި މިކަމަކީ އަޅުގަނޑުލީ ސިޓީއަށް ހަމަޖެހުނު ކަންތައް ކަމުގައި ސަރުދާރު އެންގެވިއެވެ. ސިޓީގެޖަވާބު ރަސްމީކޮށް ދެއްވީ، 7 ޖުލައި 1991 ވަނަ ދުވަހުއެވެ. މިޖަވާބު އަޅުގަނޑަށް ލިބުނުކަމަށް ފޮތެއްގައި ސޮއިކުރުވީ އެދުވަހު ހަވީރުއެވެ. އަޅުގަނޑު އެދުނުހުރިހާކަމެއް ރޭޑިޔޯއެއްގެ ހުއްދަދިނުން ފިޔަވާހަމަޖައްސައި ދެއްވިއެވެ. ރޭޑިޔޯއެއް ގެއިންގެނައުމުގެ ކަންތައް ހަމަޖެހޭނީ އަދި ފަހުންކަމުގައި އެޖަވާބުގައި ބުނެފައި ވެއެވެ.
ހަމަޖެހުނު ކަންތައްތަކުގެ ތެރޭގައި ހަވީރު ތިނަކުން ހަވީރު ހައެކަށް ގޮޅީގެދޮރު ހުޅުވައިދިނުން ހަމަޖެހުނެވެ. މަހަކު އެއަފަހަރު ގެއަށް ސިޓީލިޔެވޭގޮތް ހަމަޖެހުނެވެ. ގެއިން ނޫސްމަޖައްލާ އަދި ފޮތްތައް ކިޔުމަށް ގެނެވޭގޮތަށް ހަމަޖެހުނެވެ. ކަސްރަތު ކުރުމަށް ބޭނުންވާ ލުއިސާމާނު ގެއިންގެނެސް ދިނުން ހަމަޖެހުނެވެ. އަޅުގަނޑު މިކަންކަމާ ގުޅިގެން ޖަލުގައިހުރެގެން ލިޔުނު ސިޓީތައް އަޅުގަނޑު އަތުގައި ރައްކާކޮށްފައި އެބަހުއްޓެވެ. އިރާދަކުރެއްވިއްޔާ އަޅުގަނދުގެ ސައިޓަށް މިސިޓީތަކުގެ ސްކޭންކޮޕީ ލާނަމެވެ.
އާދެ! 13 ޖޫން 1991 ވަނަ ދުވަހު ވިންޓަރ ޝަރީފް މާލޭންގެނެސް ކުރިންވެސްހުރި ގޮޅިކަމުގައިވާ، 17 ނަންބަރު ގޮޅީގައި ބަންދުކުރިއެވެ. އޭނާ މާލެގެންދިޔައީ، ރޯދަމަހުގެ ތެރޭގައި އޭނާގެ އާއިލާއިން އެދިގެންކަން ފަހުން އެނގުނެވެ. ވިންޓަރުގެ އަންހެނުން ވިހަންވެގެންނާއި ވިންޓަރުގެ ބައްޕަ މާބޮޑަށް ބަލިވެ އުޅުއްވާތީ އާއިލާގެ ފަރާތުން ވިންޓަރު ދުވަސްކޮޅަކަށް، ގެއަށް ގެނެސްދިނުމަށް އެދިގެން ހިނގިކަމެއްކަން ފަހުންސާފުވިއެވެ. އަންހެނުން ވިހާދަގަވިއިރު، ވިންޓަރުގެ ލޮބުވެތި ބައްޕަވަނީ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. (އިންނާލިއްލާހި ވައިންނާއިލައި ރާޖިޢޫން!) ވިންޓަރުގެ ފަރާތުން އޭނާ، އަނބުރާޖަލަށް ގެނެވުނީ، މިކަންކަމާ ގުޅިގެން ގެއަށް ގެންދެވިގެން ކަންއެނގުނެވެ. ޖަލުގެ އާދައިގެ މަތިން ދުވަސްތައް ހޭދަކުރަމުން ދިޔައީއެވެ. ވަކިއާކަމެއް ނުހިނގައެވެ.
22 ޖުލައި 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 212 ވަނަ ދުވަހެވެ. މިއަދު ގެއަށް ވަރަށްދިގު ސިޓީއެއް ލިޔުނީމެވެ. މާމައާއި މަންމައާއި ދޮންދައްތައާއި އިދުއާއި އިފުއާއި ތުއްތުބެއާއި މާއުގެ ނަމުގައި ލިޔެފައި ގެއަށް ފޮނުވައިދިނުމަށް އެދި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިސިޓީ މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށް މިސިޓީ ސްކޭންކުރުމަށް ފަހު، ލާނަމެވެ. ބައްލަވާ ލައްވާށެވެ! މިއީ ޖަލުގެކުޑަގޮޅިން، ގެއަށް ލިޔުނު ފުރަތަމަ ސިޓީއެވެ.
6 އޯގަސްޓް 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 227 ވަނަ ދުވަހެވެ. މިއަދުކޯޓު ނަންބަރު ހައެކަށް ހާޒިރުކުރިއެވެ. އަޅުގަނޑުގެ މައްޗަށް އިތުރުދައުވާއެއް ދައުލަތުން ކުރެއްވުމަށެވެ. މިއީ އެޓަރނީޖެނެރަލްގެ އޮފީހުން އަޅުގަނޑުގެ މައްޗަށް ހުށަހަޅުއްވާފައިވާ ހަތަރުވަނަ މައްސަލައެވެ. މިމައްސަލައަކީ، މާލޭ ސަލްޓަންޕާކްގައި ގޮއްވާލެވުނު ކަޓޫރާބޮމުގެ ކަންތައް އެނގިހުރެނާންގާ ސިއްރުކުރި މައްސަލައެވެ.
މިދައުވާ އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ހުށަހެޅުއްވީ ހެންވޭރު ހާޖަރާގޭ އަލްއުސްތާޒު މުހަންމަދު ތައުފީގެވެ. ޓެރަރިޒަމްގެ އަމަލެއް ބަޔަކުމީހުން ކުރިއިރުއެކަން އެނގިހުރެ ނާންގާސިއްރު ކުރިކަމުގެ ދައުވާދައުލަތުގެ ފަރާތުން އަޅުގަނޑުގެ މައްޗަށް، ތައުފީގު ހުށަހަޅައި ދެއްވިއެވެ. މިމައްސަލައިގެ ޝަރީޢަތުގެ މަޖިލިސްބޭއްވީ މިއަދުހެދުނު، 10:00 ގައެވެ. ހަމަ މިއަދުކޯޓު ނަންބަރު ހައެއްގައި އުތުރުގޭ އަލްފާޟިލް މުހަންމަދު ޚަލީލް (މައްކޮ) ގެޝަރީޢަތް ވެސްއޮތެވެ. މިއީވެސް ޓެރަރިޒަމުގެ އަމަލެއް ހިންގިކަން އެނގިހުރެ ނޭންގުމުގެ ކުށުގެ މައްސަލައެކެވެ.
މިއަދުއޮތީ ހަމައެކަނި ދެފަރާތުގެ އަޑުއެހުން އެކަންޏެވެ. އަޅުގަނޑު ގެންދިޔަބަހުގައި މައްކޮ ގެއަށްލާން ގެންދިޔައެވެ. އަޅުގަނޑުމެން ދެމީހުންނަށް ވާހަކަދައްކާލަން މިފުރުސަތު ލިބުމުން ބައެއް މައުލޫމާތު ސާފުވިއެވެ. ކޯޓު ކައިރިން ދުއްވާލި ގޮތަށް އެބަސްދުއްވާފައި ފުރަތަމަ ދިޔައީ ގ.އުތުރުގެއަށް މައްކޮގެ ގެއަށް ބާލާށެވެ. ދެންދިޔައީ މޭނާޖަލަށެވެ.
މިއީ މާލެގެންނަ ގައިދީންނަށް ކާންދިނުމާއި ހިނދުކޮޅަކަށް ބައިތިއްބާ ވަގުތީޖަލެވެ. ދޫނިދޫގެދަތުރު ތައްޔާރުވުމުން މާލޭ މޭނާޖަލުން އަޅުގަނޑު ނެރެގެން ދޫނިދޫއަށް ގެންދިޔައެވެ. ވެއްދީ ހަމަކުރިން ވެސް ހުރިގޮޅި ކަމުގައިވާ، 15 ނަންބަރު ގޮޅިއަށެވެ. މައްކޮގެފަރާތުން މާލޭގެ ބައެއްޚަބަރު ލިބުމުން އެވާހަކަތައް ރައްދުކޮށް ދޭންޖެހޭ މީސްމީހުންނަށް ރައްދުކޮށް ދިނީމެވެ. މައްކޮ ހުންނެވީ އުފާކޮށެވެ. އެހެނަސް މިކަމުގައި ބަންދުވާން ނުޖެހޭމީހަކަށް ރާވާލައިގެން ހުކުމެއް އިއްވާތީ ކަންބޮޑުވުން ހުއްޓެވެ.
19 އޯގަސްޓް 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 240 ވަނަދުވަހެވެ. ގެއަށް އަޅުގަނޑު ފޮނުވިސިޓީ ލިބުމުން، ދޮންދައްތަ މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީލިޔެ ހުއްދަހޯދައިގެން، އަޅުގަނޑަށް ފޮނުވި ބައެއްތަކެތި މިއަދުގޭން ލިބުނެވެ. ގެއިން އަޅުގަނޑަށް ފޮނުވާފައިހުރި ތަކެތީގައި ހިމެނެނީ، 3 ފަންސޫރާއި އެއްގަލަމާއި ފަންސޫރުޖަހާ އެއްދައްޗާއި އެއްރަބަރާއި އޭފޯސައިޒުގެ ގަނޑުކަނޑާ ފޮތަކާއި ހަވީރުނޫސް ބޮނޑިއަކާއި އިނގިރޭސި ބަހުގެ ޑިކްޝެނެރީއަކާއި މިދިޔަހަފްތާގެ ނިއުސްވީކަކާއި މިދިޔަހަފްތާގެ ޓައިމް މެގެޒިނަކާއި ކަސްރަތު ކުރުމަށް އަޅުގަނޑު ގޭގައިބޭނުން ކުރަމުން ގެންދިޔަ ޖޮގިންކުރުމަށް ބޭނުންކުރާ ހޭންޑްގްރިޕް ޖޯޑަކާ، އަދި މުށުތެރެއަށްލާ ފިއްތުމަށް ބޭނުންކުރާ ވައްތަރުގެ ޖޯޑަކާ، މިތަކެއްޗެވެ. މިހުރިހާ އެއްޗެއް މިއަދު ހަމައަށް ލިބުނެވެ. މިސާމާނުގެއިން ލިބުމުން ވަރަށް އުފާވިއެވެ. އާއަޒުމަކާއި އާފެށުމަކުން ކުޑަގޮޅީގެ ދުވަސްތައް ރާވާލައިގެން އަލުން އާއަޒުމެއްގައި ފަށައިގަތީމެވެ.
22 އޯގަސްޓް 1991 ވީބުރާސްފަތި ދުވަހު ގެއަށް ސިޓީއެއް ލިޔެފައި ފޮނުވީމެވެ. މިއީ ޖަލުންގެއަށް ލިޔުނު ދެވަނަ ސިޓީއެވެ. މަހަކު އެއްފަހަރު މިހުއްދައޮވެއެވެ.
3 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 255 ވަނަދުވަހެވެ. މިއަދު ކޯޓުނަންބަރު ހައެކަށް ހާޒިރުކުރިއެވެ. މާލޭ ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލައިގެ ޝަރީޢަތުގައި ކުރީދުވަހު ދެއްކިވާހަކަތަކުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. އެބަޔާން ކިޔާލުމަށް ފަހު، ބައެއްއިސްލާހުތައް ހުރުމުން އެބައިތައް ރަނގަޅުކުރުމަށް ފަހު، މާދަމާ ސޮއިކުރާގޮތަށް ހަމަޖައްސައި ރަފްކޮޕީއެއްގައި ސޮއިކޮށްފައި އަސްލުގައި މާދަމާ ސޮއިކުރާގޮތަށް ހަމަޖެހުނެވެ.
މިއަދު ކޯޓުކައިރިން، ދޮންދައްތައާއި އިފުއާއި ވިދާދާ ދިމާވިއެވެ. ގޭގެޚަބަރު ދަބަރު ސާފުވިއެވެ. މާމަގެ ހާލުރަނގަޅެވެ. ދޫނިދޫކުޑަ ގޮޅީގައިހުރި، އަބްދުﷲ ސަލީމާއި އަބްދުﷲ ހުސައިން ގާމާދޫޖަލަށް ކ.ހިންމަފުއްޓަށް ބަދަލުކޮއްފިކަމަށް ދޮންދައްތަ ޚަބަރުދިނެވެ. ޖަލުގެ ޚަބަރުތައް ވެސް މިލިބެނީ މާލޭންނެވެ. ހުކުމްތައް ނިމޭވަރަކަށް ގާމާދޫ ޖަލަށް ބަދަލުކުރަން ފެށީކަމަށް ލަފާކުރެވުނެވެ.
4 ސެޕްޓެމްބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 256 ވަނަ ދުވަހެވެ. މިއަދު ކުރީދުވަހު ހަމަޖެހިފައި ވާގޮތަށް، ކޯޓުނަންބަރު ހައެކަށް ހާޒިރުކުރިއެވެ. ކަޓޫރަބޮމުގެ ޝަރީއަތުގެ މަޖިލީހުގައި ނެގުނުބަޔާނުގެ އަސްލު، މަޙްޟަރުކޮށް އޭގައި ސޮއިކުރުވުމަށެވެ. އަޅުގަނޑު ކިޔާލުމަށް ފަހު، އަޅުގަނޑު އިއްޔެގެނައި އިސްލާހުތައް ގެނެވިފައި ހުރުމުން ލަސްނުކޮށް ސޮއިކޮށްލައިފީމެވެ. ސޮއިކޮށް ނިމުމުން އަޅުގަނޑު ގެންދިޔައީ ސިފައިންގެއަށެވެ.
ސިފައިންގެއިން މާލަސްތަކެއް ނުކޮށް ދޫނިދޫއަށް ގެނައެވެ. ދެން މިހާރު ނުނިމި ހުކުމްނީއްވިއޮތް ދެމައްސަލައަކީ، މިބޮމުގެ މައްސަލައާއި މަންތިރީގެ މައްސަލައިގެ ހުކުމެވެ. އެހެންހުރިހާ މައްސަލަތަކެއް ވަނީ ނިމިފައެވެ. މިދެމައްސަލަ ވެސް ނިމުމުން ހުރިހާ ހުކުމްތަކެއް އަޅުގަނޑަށް އިއްވާ ނިމޭނެއެވެ. ދެންބާކީ އޮންނާނީ މިދެކަމުގެ ހުކުމް އިއްވުން އެކަންޏެވެ. އޭރުން އަޅުގަނޑު މައްޗަށް ދައުވާކުރެވުނު ހަތަރު މައްސަލަ ނިމުނީއެވެ.
9 ސެޕްޓެމްބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 261 ވަނަ ދުވަހެވެ. މިއަދުކޯޓު ނަންބަރު ހައަކަށް ހާޒިރުކުރިއެވެ. ނުނިމިއޮތް ދެމައްސަލައިގެ ހުކުމް އިއްވުމަށް ކަންކަށަވަރު ކުރެވުނެވެ. ޝަރީޢަތުގެ މަޖިލިސް ފެށުނީހެދުނު، 11:30 ގައެވެ. ދެހުކުމްވެސް ގާޒީއިއްވެވީ ޖެހިޖެހިގެންނެވެ. ފުރަތަމަ މަންތިރީގެ މައްސަލައިގެ ހުކުމެވެ.
އަޅުގަނޑު މަންތިރީގައި ލިޔެފައިއޮތް މަޒްމޫނުގައި ހަގީގަތާޚިލާފު ވާހަކަތައް ހުރެގެން އިއްވެވި ހުކުމެކެވެ. އެފަދަ އަމަލެއް ކުރިކަން ސާބިތުވީތީ، 6 މަސްދުވަހަށް އަރުވާލުމަށްގާޒި ހުކުމް ކުރެއްވީއެވެ. http://www.ilyashussainibrahim.com/?p=29 މިލިންކުން އެމަޒުމޫނު ކިޔާލަން ފެނިގެންދާނެއެވެ. އަދި ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމަކީ، ޓެރަރިޒަމްގެ އަމަލަކަށް ވެފައި އެއަމަލުބަޔަކު ކުރިކަން އަންގަންވާ ރަސްމީ ފަރާތަށް ނާންގާހުރުމުގެ ކުށް ސާބިތުވީތީ، 3 އަހަރު ދުވަހަށް ޖަލަށްލުމަށް ގާޒީ، ހުކުމް ކުރެއްވީއެވެ. ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުއްލެވި، 4 ދައުވާ މިހާހިސާބުން މިނިމުނީއެވެ.
އާދެ! މިއަދުގެ ފުރަތަމަ ހުކުމްއިއްވީ މަންތިރި މައްސަލައިގައެވެ. މިޝަރީޢަތުގެ ގަޒިއްޔާނަންބަރަކީ، 91/6-ސީޖޭ/61 އެވެ. ދައުވާފޯމް ނަންބަރަކީ، ޅ.91/36 އެވެ. ދައުވާ ކުރާފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހެވެ. ގަޒިއްޔާގެ ބާވަތަކީ، ހަގީގަތާޚިލާފު ވާހަކަތަކެއް ނޫހެއްގައި ޝާއިޢުކޮށް އެންމެންގެ ތެރެއަށް ނެރެންއުޅުން. ދައުލަތުގެ ފަރާތުން ވަކާލާތުކުރެއްވި ފަރާތަކީ، އެޓަރނީ ޖެނެރަލްއޮފީހުގެ ސްޓޭޓްއެޓަރނީ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ. މައްސަލަ ހުށަހެޅުނު ތާރީޚަކީ، 6 ފެބްރުއަރީ 1991 އެވެ. މައްސަލަ ނިމުނުތާރީޚަކީ، 9 ސެޕްޓެމްބަރ 1991 އެވެ. ދައުވާލިބޭ ފަރާތަކީ، އަޅުގަނޑު ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމެވެ.
ދައުވާގެ ޚުލާސާ:
ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، ހަގީގަތާޚިލާފަށް ވާހަކަތަކެއް ނޫހެއްގައި ޝާއިޢުކޮށްގެން އާންމުންގެ ތެރެއަށް ނެރެންއުޅުމުގެ ކުށުގެމައްޗަށެވެ. މިކަންހިނގާފައިވާ ގޮތެއްކަމަށް މިގަޒިއްޔާގައި ވަކާލާތު ކުރެއްވުމަށް ހާޒިރުވެވަޑައި ގެންނެވި އެޓަރނީ ޖެނެރަލް އޮފީހުގެ ސްޓޭޓްއެޓަރނީ މުހަންމަދު ތައުފީގު ވިދާޅުވަނީ، މީނާ “މަންތިރި” ނޫހުގެ ފުރަތަމަ އަދަދުގައި ހަގީގަތާޚިލާފު ވާހަކަތަކެއް ލިޔެފައިވާތީ ކަމަށާއި މީނާގެމައްޗަށް ދައުލަތުން ދައުވާކުރައްވަނީ، ގާނޫނުލް އުގޫބާތުގެ 125 ވަނަމާއްދާގެ ދަށުންކަމަށެވެ.
ދައުވާލިބޭފަރާތުގެ ވާހަކަތައް:
މިދައުވާއާމެދު ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމްގެ ބަހަކީ ކޮބައިތޯ ޝަރީޢަތުގެ ފަރާތުން ސުވާލުކުރުމުން ބުނަނީ، ތިރީގައި މިވާގޮތަށެވެ.
އަޅުގަނޑުގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާއާ ގުޅޭގޮތުން ދަންނަވަމެވެ. އަޅުގަނޑު ޝަރީޢަތުގެ މަޖިލީހުގައި ތެދުބަހުން ދަންވަންއޮތީ، “މަންތިރި” މަޖައްލާއަކީ، ރާއްޖޭގައި ނެރޭ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން، އަޅުގަނޑުގެ މަސްއޫލުވެރި ކަމުގެދަށުގައި ނެރުމަށް މަސައްކަތްކުރި މަޖައްލާއެކެވެ. އެކަމަކު މަންތިރި އަޅުގަނޑަށް ނެރެވޭގޮތެއް ނުވިއެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާކަމުގައިވާ އިންފޯރމޭޝަނުގައި ގާނޫނީގޮތުން ރަޖިސްޓްރީ ކުރެވުނެވެ.
ރާއްޖޭގެ ޗާޕްޚާނާއަކުން ޗާޕްކޮށްނުދީގެން ޗާޕްކުރީ ސްރީލަންކާ އިންނެވެ. އެހެނަސް މާލެ ގެނައިތަނުން އެއަރޕޯޓުން މަންތިރިތައް ހިފޭއްޓުމުން އެމަޖައްލާ ރައްޔިތުންނާ ހަމައަށް ރަސްމީކޮށް ގެނެސްދެވޭ ގޮތެއްނުވިއެވެ. އެއަރޕޯޓުން މިނިސްޓްރީ އޮފް ޑިފެންސަށް ގެންދަވައި އެމަޖައްލާތަކަށް ހެއްދެވިގޮތެއް ހައްދަވައި ނިންމާލެއްވީއެވެ. ފަހުން އެނގުނު ގޮތުގައި އަންދާލާއި ވުޖޫދުން ނައްތާލީއެވެ.
އަޅުގަނޑަށް އޭގެބަދަލެއްގެ ގޮތުގައި ދެއްވީ، އަޅުގަނޑު ހުށަހެޅި އެސްޓިމޭޓަކަށްވާ ފައިސާގެ އަދަދު ކަމުގައިވާ ފަންސަވީސްހާސް ރުފިޔާއެވެ. އަޅުގަނޑަށް އިންފޯރމޭޝަނުން އެފައިސާ ދެއްވިއެވެ. މިއީ އަޅުގަނޑާ ދޭތެރޭގައި ރައީސް މައުމޫނު ބެހެއްޓެވި ރީތި އިންސާފުވެރި ހަމައެކެވެ. ކޮންފިސްކޭޓް ކުރެވުނު އެހެން އެއްވެސް މަޖައްލާ އަކަށް ސަރުކާރުން ބަދަލު ދެއްވާފައެއް ނުވެއެވެ. މިކަންހިނގީ ރައީސް މައުމޫނަށް ދެތިން ހަތަރު ސިޓީ ތަކުރާރުކޮށް ލިޔެގެންނެވެ.
އަޅުގަނޑު އަޖައިބުވެ، އަންތަރީސް މިވަނީ، ރައްޔިތުންނާ ހަމައަށް ރަސްމީކޮށް ނުނެރެވިއޮތް، އެހެނަސް ރަޖިސްޓްރީ ކުރެވިފައިވާ މަޖައްލާއެއްގައި އަޅުގަނޑު ލިޔެފައިހުރި ވާހަކަތަކަކާ މެދު، ދައުލަތުން އަޅުގަނޑާ ދައުވާކުރާތީއެވެ. އަޅުގަނޑުގެ މަޒްމޫނުގައި ހަގީގަތުގައި ހަގީގަތާ ޚިލާފު ވާހަކައެއް ލިޔެފައެއް ނޯންނާނެއެވެ. އަޅުގަނޑު ވަޒީފާ އަދާކުރާތަނަކީ އިސްލާމީ މަރްކަޒެވެ.
އެތަނުގެ ގޮތުން، އަޅުގަނޑާ ބައްދަލުވި އިންޑިޔާގެ ހަނގުރާމަ މަތީ މަނަވަރެއް ކަމުގައިވާ، އައިއެންއެސް ގޯދާވަރީގެ ހެލިކޮޕްޓަރ ދުއްވަންއުޅޭ ފްލައިޓް އިންޖިނޭރެއް ދެއްކި ވާހަކައެއް، އޭނާއެހެދީ ދޮގުކަން މީހުންނަށް އަންގައިދިނުމުގެ ގޮތުން އަޅުގަނޑު މަންތިރީގައި، 3 ނޮވެމްބަރ 1988 ގެހަމަލާ، މިއޮތްގޮަތަށް ތާރީޚަށް ވަދެނިމޭނީތޯ؟ މިސުރުޚީގެ ދަށުންލިޔުނު މަޒްމޫނެއްގައި ހާމަކޮށްދީފައި ވާނެއެވެ. އަޅުގަނޑު އެމަޒްމޫނުގައި ލިޔެފައިއޮންނާނީ، އޭނާއެވާހަކަ ބުނީމާ، އަޅުގަނޑުމެންނަށް ހެއްވާ ވާހަކަ އަކަށްވީ ކަމުގެ ވާހަކައެވެ.
އޭނާބުނަނީ، ދިވެހި ސިފައިންގެ ތެރެއިން ހެލިކޮޕްޓްރެއްގައި ގޯދާވަރީއަށް ގެންދިޔަ ދިވެހިންނޭ ހޮސްޓެޖުން ގަޔަށް ބަޑިޖެހީ، އެހެނަސް އަޅުގަނޑަށް ވެސް ސާފުކޮށްއެނގޭ، ގޯދާވަރީގެކެޕްޓަން މާލޭފައިބާ ތޮށިގަނޑު މަތީގައި ހުންނަވައިގެން ދެއްވި ބަސްދީގަތުމުގައި ވިދާޅުވެފައި ވަނީ، ހޮސްޓެޖުން ގަޔަށް ޕްރޮގްރެސްލައިޓަށް ބަޑިޖެހީ އަހަރުމެންނޭ މިހެންނެވެ. ވަކިބަޔެކޭ ނަންލާފައި ބުނެފައެއް ނެތެވެ. އޭނާއެއް އިންޑިޔާ ސިފައިންނެކޭ ނުވަތަ ދިވެހި ސިފައިންނެކޭ ވެސްބަޑިޖެހީ ބުނެފައެއް ނެތެވެ.
ދެން އެހެންވުމުން އިންޑިޔާގެ އިންޖިނޭރު އަޅުގަނޑު ކައިރީގައި އެހެދީދޮގެއްކަން އަންގައިދިނުމުގެ ގޮތުން، އަޅުގަނޑުގެ މަޒްމޫނުގައި އެވާހަކަ އިންޖިނޭރާ ހަވާލާދީ ލިޔެފައި އެއޮތީ ހާމަކޮށް ފެންނާށެވެ. މިވާހަކަ މަޒްމޫނުގައި އަޅުގަނޑު ހިމެނީ، ހެއްވާ ވާހަކަތައް، ލިޔުމުގައި ގެނައުމަކީ ލިޔުންތެރި ކަމުގެ ހުނަރަކަށް ވެފައި މަޒްމޫނުގައި މަޖާ ވާހަކައެއް ވެސް ލިޔެލުމުގެ ބޭނުމުގައެވެ. މިއީ ލިޔުންތެރިންގެ ބަލާޣާތްތެރި ކަމުގެތެރޭގައި ހިމެނޭ ކަމަކަށް ވާތީއެވެ. އެހެން އެއްވެސް މަގްސަދެއްގައި ލިޔުނު ވާހަކައެއް ނޫނެވެ.
އެއީ އެއްގޮތަކަށް ވެސް ހަގީގަތާޚިލާފު ވާހަކައެއް ހާމަކުރުމުގެ ގޮތުން ލިޔުނުވާހަކައެއް ނޫނެވެ. މިވާހަކަ އިންޖިނޭރު އަޅުގަނޑާ ދެއްކިއިރު އެތާނގައި އިސްލާމީ މަރްކަޒުގެ އަލީނުލްމަކްތަބާ، އަލްފާޟިލް އިބްރާހީމް ޞާބިރު އިންނަވާނެއެވެ. އޭނާ ދެއްކި ވާހަކަތައް ޞާބިރަށް ރަނގަޅަށް އަޑުއިވޭނެއެވެ. އޭނާ އެހެންބުނުމުން އަޅުގަނޑުމެންނަށްވީ ވަރަށް ހެއްވާ ވާހަކަ އަކަށެވެ. ހަގީގަތާޚިލާފަށް މަޖަލަށް ނަމަވެސް އޭނާބުނީ ބަޑިޖެހީ ދިވެހިސިފައިންނެވެ. އަހަރުމެންނެކޭ ނޫނެވެ. ހަގީގަތަކީ، މަނަވަރުން ބަޑިޖެހީ ދިވެހިންގެ ހާޒިރުގައި ދިވެހިސިފައިންގެ ހުއްދަލިބިގެން އިންޑިޔާ މަނަވަރުގެ ބަޑިވެރިންނެވެ.
އަދި އާދަމްޒާހިރު އެމަނަވަރުގެ ހައިންޗީގެ ބޮޑެތިވަޒަން ފޮނުވާލެވޭވަރުގެ ބޮޑުބަޑީގައި އިންނަވައިގެން ޕްރޮގްރެސްލައިޓަށް އެފަދަބޮޑެތި ވަޒަންތައް ފޮނުވާލީ އެބޭފުޅާ ނޫންކަން އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަޅުގަނޑުގެ ނިޔަތުގައި އޮތީވެސް މިގޮތަށެވެ. އަދި އެ އަނިޔާވެރި ހާދިސާގައި ބޮޑެތި އަނިޔާތައް ލިބުނު ބޭފުޅުން ކަމުގައިވާ، އޮނަރަބްލް އަހްމަދު މުޖްތަބާއާއި އެމަނިކުފާނުގެ އަނބިކަނބަލުންނާއި އަލްފާޟިލް އިސްމާޢީލް ނަސީރަށް ވެސް މިކަން ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ.
އެހެނަސް އާދަމްޒާހިރު އިންޑިޔާގެ އެމަނަވަރުގައި ދުރުމި އަޅުއްވައިގެން ބަޑިޖެހިތަން ބައްލަވަން އިންނެވިކަމަށް އެމީހުންގެ ފަރާތުން އަޅުގަނޑަށް މައުލޫމާތު ލިބިފައިވެއެވެ. އިންޑިޔާގެ ނޫސްތަކުންނާއި އެހެނިހެން ގޮތްގޮތުންވެސް ދިވެހި ސިފައިން އެމަނަވަރުގައި އެވަގުތު ތިބިކަން އަޅުގަނޑަށް ސާބިތުވެއެވެ. މިކަންވަނީ އަޅުގަނޑަށް ސާފުކޮށް އެނގި ކަށަވަރު ވެފައެވެ. އަޅުގަނޑުގެ މަޒްމޫނުގައި މިވާހަކަތައް ގެނައީ އަޅުގަނޑުގެ ޒަމީރަށް ފެންނަޚިޔާލެއްގެ ގޮތުގައެވެ. އެއީ އަޅުގަނޑުގެ އޮޕީނިއަން އެކެވެ.
އަޅުގަނޑުގެ ޒަމީރަށް ފެންނަޚިޔާލެއް ވިއްޔާ ހާމަކުރުމުގެ ހައްގު އަޅުގަނޑަށް ލިބެން ޖެހޭނެ ތީއެވެ. ޚިޔާލުފާޅުކޮށް ސަމާސާ ބަލާޣާތުން ލިޔެޚިޔާލުފާޅު ކުރުމަކީ، ރައީސް މައުމޫނު ތައުރީފް ކުރައްވާއި މަރްހަބާ ވިދާޅުވެފައި ކަމެކެވެ. އެމަނިކުފާނުވަނީ، މިނިވަން ކަމާއެކު ޚިޔާލުފާޅުކޮށް ލިޔުންތެރިކަން ކުރިއެރުވުމަށް ގޮވާލައްވާފައެވެ. ރިހިގަލަމާއި ރަންގަލަން ރައްޔިތުންގެ ތެރެއިން ލިޔުންތެރިންނަށް ބައްސަވާފައެވެ. އ.ދގެ ގަރާރުތަކާއި މިންގަނޑުތަކުން އަޅުގަނޑުގެ މަޒްމޫނު ހިމެނޭނީ މައުލޫމާތު ފޯރުކޮށް ދިނުމުގެ ހައްގުގެ ތެރެއިންނެވެ.
ތިޔަފާޑުކިޔުމަކީ، އެގޮތުގެމަތިން އަޅުގަނޑުކީފާޑު ކިޔުމެކެވެ. އަޅުގަނޑުގެ ޚިލާލެވެ. ހަގީގަތަށް ހައްދަވާކަށް ނުޖެހެއެވެ. އެމީހެއްގެ ޒަމީރަށް ފެންނައެއްޗެއް ލިޔެފާޅު ކުރުމަކީ، ކުށަކަށް ވެގެން ނުވާނެއެވެ. ދެން އަޅުގަނޑުގެ އަނެއް މައްސަލައަކީ، މިހާބޮޑުހާދިސާއެއް ހިނގާދިޔައިރު ރައްޔިތުންގެ މަޖިލީހުގެ ދައުރުކުޑަ ކަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި މިކަމާގުޅޭ ގޮތުން ވަރުގަދައަށް ބަހުސް ކުރެވެން ޖެހޭނެއެވެ. ހިނގާދިޔަ ހުރިހާކަމެއް އެތަޅުމުގެ ބަހުސަށް ވަންނަން ޖެހޭނެއެވެ. ގެނެވެން ޖެހޭނެއެވެ.
ގަޑިއެއްހާ އިރުތެރޭގައި ފާސްކޮށްލާ ގަރާރަކުން ފުއްދާލައިގެން ނުވާނެއެވެ. ބައިނަލް އަގްވާމީ ކަނޑުގައި ޕުރޮގްރެސްލައިޓް އިންދާ ބޭރުގައުމެއްގެ ހަނގުރާމަތީ މަނަވަރަކުން ހޮސްޓެޖުން ގަޔަށް ބަޑިޖަހަން ޖެހުނު ހުރިހާ ސިއްރުތަކެއް އެމަޖިލީހުގައި ބަހުސްކުރެވެން ޖެހޭނެއެވެ. ވަރަށްފުންކޮށް ހުރިހާދިމާއަކަށް ބަލާލެވެން ޖެހޭނެއެވެ. މަރުވިމީހުން މަރުވީކިހިނެތް ކޮންބައެއްގެ ވަޒަނުންތޯ ސާފުކޮށް ދިރާސާކުރެވެން ޖެހޭނެއެވެ. ހޮސްޓެޖުންނާ ބެހޭގޮތުން ހައިޖެކަރުންނާއި އިންޑިޔާ ސިފައިންނާއި ދިވެހި ސިފައިން ދެއްކި ހުރިހާވާހަކަތަކެއް ރައްޔިތުންގެ މަޖިލީހަށް ވަރަށް ސާފުކޮށް އެނގެންޖެހޭނެއެވެ.
ދިވެހި ސިފައިން އެމަނަވަރަށް އަރުވަންޖެހުނީ ކީއްވެގެންކަން އެނގެން ޖެހޭނެއެވެ. ހޮސްޓެޖުންނާއި ހައިޖެކަރުންނާއި ދިވެހި ސިފައިންނާއި ރައީސް މައުމޫނާ ދެމެދު ދެކެވުނު ހުރިހާ ވާހަކަތަކެއް މަޖިލީހުގެ ތަޅުމަށް އަންނަން ވާނެއެވެ. ދިރާސާ ކުރެވެން ޖެހޭނެއެވެ. ހޮސްޓެޖުންގެ ފަރާތުން ވާހަކަދައްކަވަމުން ގެންދެވި ބޭފުޅާ، އޮނަރަބްލް އަހްމަދު މުޖްތަބާގެ ވާހަކަފުޅުތައް ދިރާސާކުރެވެން ޖެހޭނެއެވެ. ހައިޖެކަރުންގެ ފަރާތުން ހާޖަރާގޭ އަބްދުﷲ ލުޠުފީ ހުށަހަޅަމުން ގެންދިޔަ ކަންތައްތައް ވަރަށް އަޑިއެނގޭގޮތަށް ސާފުވާން ޖެހޭނެއެވެ.
އެއީކޮންފަދަ ޝަރުޠުތަކެއްކަން ސާފުވާން ޖެހޭނެއެވެ. ވަކިހިސާބަކަށް ދާންހުއްދަ ދިނުމުން ބޯޓާއި ހޮސްޓެޖުން ދޫކޮށް ހައިޖެކަރުން ފިލައިގެން ދާން އެދުނީ ކިހާވަރަކަށްތޯ ބަލަން ޖެހޭނެއެވެ. އޮނަރަބްލް މުޖްތަބާ އެވާހަކަތައް ކުރިޔަށް ގެންދިއުމަށް އެދިއާދޭސް ކުރެއްވީ ކިހާވަރަކަށްތޯ ބަލަން ޖެހޭނެއެވެ. އެވާހަކަތަކުގެ ރެކޯޑިންތައް މަޖިލީހުގެ ތަޅުމަށް ގެނެވެން ޖެހޭނެއެވެ.
މިހާދިސާ ތެރޭގައި ކަނޑުމަތީގަޔާއި މާލޭގެ އެއްގަމުގެ ސަރަހައްދުގައި ހިނގިހަނގުރާމައިގާ ވަޒަންތައް ދަތުރުކޮށްފައި ހުރި މިސްރާބުތަކާއި މަރުވި މީހުންގެ މަރުހިނގާ ދިޔަގޮތް ރައްޔިތުންގެ މަޖިލީހަށް ސާފުވާން ޖެހޭނެއެވެ. ދިރާސާކުރެވި ބަހުސްކުރެވެން ޖެހޭނެއެވެ. އަޅުގަނޑު މެންނަށް އެނގޭހާވެސް މިންވަރަކީ، ވަކިއަދަދަކަށް މީހުންމަރުވި ކަމެވެ. ކޮންގޮތަކަށް ކިހިނެތް މަރުވި މީހުންކަމެއް އަދިއަދާ ހަމައަށް ވެސް ރައްޔިތުންނަކަށް ނޭނގެއެވެ. މަރުވި މީހުންގެ އާއިލާތަކަކަށް ވެސް ނޭނގެއެވެ. މިހާތަނަށް ވެސް އޮތީ އޮޅުންނުފިލައެވެ.
މަރުވީ ކޮންބައެއްގެ ބަޑިތަކުން ކޮންބައެއް ތަޅާ ބުރުއްސި ވަޒަން ތަކަކުން ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އެނގޭއެއްޗަކީ، ހޮސްޓެޖުންގަޔަށް ވަޒަންތައް ތަނެއްދޮރެއް ބެލުމެއްނެތި ބުރުއްސީ އޭގައިތިބި ޓެރަރިސްޓުންނެއް، ނުވަތަ ހައިޖެކަރުންނެއް ނޫންކަމެވެ. މަޢުޞޫމް ހޮސްޓެޖުންތަކެއް މިހާގިނައިން މަރުވާން ޖެހުނީ، ކާކުގެ އޯޑަރަށް ކޮންބައެއްޖެހި ވަޒަންތަކަކުންކަން ވަރަށް ސާފުކޮށް އެބައެނގެން ޖެހޭކަމެވެ.
ހޮސްޓެޖުންގެ ތެރެއިން މިހާގިނަބަޔަކު މަރުވެ، ބޮޑެތިއަނިޔާތައް ލިބެންޖެހުނު ސަބަބު އަޅުގަނޑުމެން، ދިވެހި ރައްޔިތުންނަށާއި އެއާއިލާތަކަށް އެނގެންޖެހޭނެޔޭ އަޅުގަނޑު ބުނެފައި އެއޮތީ ވަރަށް ވިސްނުމަށް ފަހު ދިވެހިގައުމުގެ ދިފާޢުގައެވެ. ދިވެހި ރައްޔިތުންގެ އެންމެންގެ ހައްގުގައެވެ. އަޅުގަނޑުގެ އެމަޒްމޫނުން ދޭހަވާނީ، މިނޫން ވާހަކައެއް ނޫންކަމުގައި ވަރަށް ޔަގީންކަމާއެކު އަޅުގަނޑަށް ދަންނަވަން ކެރެއެވެ. އަދިވެސް ދުނިޔޭގައި އަލްފާޟިލް އިސްލާޢީލް ނަސީރާއި އޮނަރަބްލް އަހްމަދު މުޖްތަބާމެން ދިރިދެމި އެބަތިއްބެވިއެވެ.
އަޅުގަނޑުގެ ހުރިހާ ވާހަކައަކީ ވެސް، 3 ނޮވެމްބަރުގެ މިހާދިސާ މިއަށްވުރެ ބޮޑަށް މާފުޅާކޮށް ތަހުގީގު ކުރެވެން ޖެހޭނެ ވާހަކައެވެ. އަޅުގަނޑަށް ހުކުމް އިއްވުމުގެ ތެރޭގައި އިއްޒަތްތެރި ގާޒީ މިކަންތައް ތަހުގީގުކޮށް ދެއްވަންވީ ނޫންތޯއެވެ؟ ދައުލަތުގެ ވަކީލު އެވިދާޅުވަނީ އިންޑިޔާ އިންޖިނޭރުގެ ނަމެއްނެތޭ އޭނާއަކީ ކާކުކަމެއް ނޭނގެޔޭ! އިއްޒަތްތެރި ގާޒީއެވެ! އެއީކާކުކަމެއް ލިޔާކަށް ނުޖެއެވެ. ބުނެދޭކަށް ނުޖެހެއެވެ. އަޅުގަނޑަށް ވެސް، އަދި ދިވެހި ރައްޔިތުންނަށް ވެސް އެއީކާކުކަމެއް ކޮންމެހެން އެނގޭކަށް ނުޖެހެއެވެ.
އެއީކާކުތޯ ބަލާކަށް ވެސް ނުޖެހެއެވެ. އޭނާގެ ވާހަކަ އަޅުގަނޑު ގެނެސްފައި އެވަނީ، އޭނާއެދެއްކި ދެކޮޅުނުޖެހޭ ވާހަކަބުނެލަދީ މަޒްމޫނު މަޖާކޮށްލާއި ސަމާސާއަދަބު ހިމަނާލުމަށެވެ. އެއްގޮތަކަށް ވެސް ހަގީގަތާޚިލާފު ވާހަކައެއް ގެނެސްދޭކަށް ނޫނެވެ. އަދި އެފަދަވާހަކައެއް ދައްކާކަށް ނޫނެވެ. މިމަޒްމޫނަކީ، އަޅުގަނޑުގެ އަމިއްލަޚިޔާލާއި ވިސްނުމެއް ހާމަކުރުމެވެ. އެހެންއެއްވެސް އެއްޗެއްނޫނެވެ. މިއީ ޚިޔާލީފާޑުކިޔުމެކެވެ. މީގައި ހަގީގަތާޚިލާފު ވާހަކައެއްވާނަމަ، އިއްޒަތްތެރިގާޒީ ޕޮއިންޓުންޕޮއިންޓަށް ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑަށް ސާފުކޮށް ދެއްވުން ވަރަށްބޮޑަށް އެދެމެވެ.
ރައްޔިތުންނާ ހަމައަށް މިމަޒްމޫނު ނުކުމެއްޖެ ނަމަ، ރައްޔިތުންގެ ހިތުގައި މިސަރުކާރާ ދޭތެރޭގައި ފިތުނަފަސާދަ އުފެދޭނެ ވާހަކައެއް މިމަޒްމޫނުގައި އޮތިއްޔާ ޕޮއިންޓުން ޕޮއިންޓަށް ވިދާޅުވެ ދެއްވާށެވެ. އެވާހަކަތަކަކީ ކޮބައިކަން އަޅުގަނޑަށް ވިސްނައި ދެއްވާށެވެ. އަންގައި ދެއްވާށެވެ. އެއީ ޝަރީއަތުގައި ހާމަވެ ސާފުވާނެޖެހޭ އުންސުރެކެވެ. ހުކުމެއް އިއްވަވަންވާނީ، މިހުރިހާ މަގަކުން ބައްލަވާފައި އޭގެ ފަހުންނެވެ.
އަޅުގަނޑުގެ ބަޔާނަކީ ފުލުހުންނަށް އެމީހުންގެ ބޭނުމަށް އެމީހުންލިޔެ، އަޅުގަނޑު ލައްވާ ގަދަކަމުން ސޮއިކުރުވާފައިވާ އަނިޔާވެރި ބަޔާނެކެވެ. އެއީ ފުލުހުންގެ ބޭނުމަށް ދީފައިވާ ސޮއެކެވެ. އެއީ ޝަރީޢަތުގެ މަޖިލީހަށް ހެއްކަކަށް ދިފައިވާ ބަޔާނެއް ނޫނެވެ. ސިފައިންގެ މައުލޫމާތަށާއި ސިފައިންގެ އަމިއްލަ ބޭނުންތަކަށް ދިންބަޔާނެކެވެ. ޝަރީޢަތުގެ ހެއްކަކަށް އެވާހަކަތައް ބޭނުން ކުރައްވައިގެން ނުވާނެއެވެ. އެއީ އިއްޒަތްތެރިގާޒީއަށް ހުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވޭނެ ބަޔާނެއްނޫނެވެ.
މަނިކުފާނު މުޅިމައްސަލަ ބައްލަވާއި އިޖްތިހާދު ކުރައްވައިގެން ނިޔާކަނޑަ އަޅުއްވާށެވެ. ގާޒީއަށް ޖެހިވަޑައި ގަންނަވާނީ މިކަމުގައި ޝާމިލްވި ހުރިހާފަރާތެއް ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރައްވައިގެން ހެއްކާއިގަރީނާ ހޯއްދަވައިގެން އިންސާފުވެރި ނިޔާއެއް ހޯއްދަވާށެވެ. ބަޔަކުދޭހާ އެއްޗެއްގެ މައްޗަށް ޝަރީޢަތް ނިންމަވާ ލައްވައިގެން ނުވާނެއެވެ. ﷲގެ ރަސޫލާ ހަދީސް ކުރައްވާފައިވަނީ، އިންސާފުން ނެއްޓޭކޮންމެ ދެގާޒީއަކުން އެއްގާޒީ އޮންނަވާނީ ނަރަކައިގެ އަލިފާނުގައި ކަމަށެވެ.
އަދިވެސް އިއްޒަތްރެތިގާޒީއަށް ދަންނަވަމެވެ! މިމަޒްމޫނަކީ، އަޅުގަނޑުގެ ޒަމީރަށްފެނުނު ޚިޔާލީފާޑުކިޔުމެކެވެ. ހަގީގަތާޚިލާފު ވާހަކަތަކެއް އާންމުކުރި ލިޔުމެއް ނޫނެވެ. އެމަޒްމޫނުގައި އެއްވެސް ވާހަކައެއް ހަގީގަތާޚީލާފަށް އަޅުގަނޑު ލިޔެފައެއް ނުވާނެއެވެ. ދެން ދައުލަތުން ބޭނުންފުޅު ވެއްޖެއްޔާ، އިއްޒަތްތެރި ގާޒީލައްވާ ދައުލަތުން ކޮންމެގޮތެއް ވެސް އަޅުގަނޑަށް ހެދިދާނެއެވެ. މިހާތަނަށް ވެސް ހައްދަވަމުން ތިޔަ ގެންދެވީ ނޫންތޯއެވެ! އަޅުގަނޑާ ދޭތެރޭގައި ދިމާވެފައިހުރި ގިނަކަންތަކުގައި ހައްދަވާފައިހުރީ އެހެންނެވެ. އިންސާފެއް ނުލިބުނެވެ.
އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތުގެ ކެސެޓްރޯލްގެ މައްސަލާގައި ވެސް ކުށްކުރި ހަގީގީމުޖްރިމް ކަލޭގެ މިނިވަން ކަމާއެކު ދޫކޮށްލައްވާފައި ބެހެއްޓެވުމަށް ފަހު، އަޅުގަނޑު މެންކަހަލަ އެރޯލްއަޑުއެހި ނިކަމެތި މީހުންނަށް ވަނީ އިއްޒަތްތެރިގާޒީ ގާނޫނުލް އުގޫބާތުން ނިޔާކަނޑަ އަޅުއްވާފައެވެ. ކުށްކުރިމީހާ ކޯޓާހަމައަށް ގާޒީގެކުރިފުޅު މައްޗަށް ގެންނަވާކަށް ކެރިވަޑައި ނުގަތެވެ. އިންސާފަކީ އެއީތޯއެވެ؟ އިޖްތިހާދު ކުރެއްވުމަކީ އެއީތޯއެވެ؟ ދިވެހި ގައުމުގައި އިންސާފެއް ނެތެވެ! އިއްޒަތްތެރި ގާޒީން ތިއްބަވަނީ ސަރުކާރުގެ ވެރިންގެ ދަށުވެފައެވެ. ގާޒީން ތިއްބަވަނީ ރައީސްމައުމޫނުގެ އަޅުންނަށްވެފައެވެ. މިހާހިސާބުން ދައްކަންހުރި ހުރިހާ ވާހަކަތަކެއް ދައްކާނިމުނީއެވެ. އިއްޒަތްތެރިގާޒީއަށް ތިޔަގެނެސް ދެއްވާ އިންސާފަށްޓަކައި ފަށްފަށުންކޮށް ޝުކުރު ދަންނަވަމެވެ.
ފާހަގަކުރެވޭ ނުކުތާތައް:
1- ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން، ޖަވާހިރުވާދި އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، “މަންތިރި” ނޫހުގެ ފުރަތަމަ އަދަދުގައި ހަގީގަތާޚިލާފު ވާހަކަތަކެއް އިލްޔާސް ހުސައިން އިބްރާހީމް ލިޔުއްވާފައި ވާތީ، މިކުށުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ، 125 ވަނަ މާއްދާގެ ދަށުންނެވެ.
2- ދައުލަތުން އެދައުވާ ކުރައްވާފަދައިން “މަންތިރި” ނޫހުގައި އިލްޔާސް ހުސައިން އިބްރާހީމްގެ މަޒްމޫނުގައި ހަގީގަތާޚިލާފު ވާހަކައެއް ލިޔެފައި ނުއޮންނާނެކަމަށާއި ދައުލަތުން އެހުށަހެޅުއްވީ ފުލުހުން (ލިޔެފައިވާ) ބަޔާނަކީ، އިލްޔާސް ހުސައިން އިބްރާހީމް ފުލުސް އޮފީހަށް ދީފައިވާ ބަޔާނެއްކަމަށް ޝަރީޢަތުގެ މަޖިލިސްގައި ބުނެފައިވެއެވެ.
3- ދައުލަތުގެ ވަކީލު ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އިލްޔާސް ހުސައިން އިބްރާހީމް “މަންތިރި” ނޫހުގައި ލިޔެފައިވާ މަޒްމޫނުގައި ސާބިތުނުހިފޭ ވާހަކަލިޔެފައިވާ ކަމަށާއި އެގޮތުން އެމްވީ ޕްރޮގްރެސްލައިޓަށް ބަޑިޖެހީ ދިވެހި ސިފައިންގެ ބަޔަކުކަމަށް އިލްޔާސް ހުސައިން އިބްރާހީމް ގާތުގައި އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ އައިއެންއެސް ގޯދާވަރީގެ އިންޖިނޭރަކު ބުނިކަމަށް ލިޔެފައިވާކަމަށާއި އެކަމަކުއެކަން ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި އަދި އެއީ މިވެނިނަމެއްކިޔާ މިވެނިމީހެއް ކަންވެސް އޭނާއަށް ސާބިތުކޮށް ދެވިފައިނުވާ ކަމަށާއި މިއީ މިފަދަ އާދައިގެ އެހެން ވާހަކަތަކާ،
ވަރަށްޚިލާފު ވާހަކަތަކެއް ކަމަށް ދަންނަވަން ޖެހޭކަމަށާއި މިހާދިސާގައި އެތައްބަޔަކު މަރުވެފައިވުމުން، ބައެއްގެމަރާ ބެހޭގޮތުން މިގޮތަށް އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވާއިރުގައި މިވެނި މަގާމެއްގައިހުރި މީހަކުބުންޏޭ ދިވެހިސިފައިން ބަޑިޖަހައިގެންނޭ މީހުންކޮޅު މަރާލީ، މިހެން ވިދާޅުވާއިރު ކަނޑައެޅިގެން އެއީ އެވެނިމީހެއްކަމާއި އެމީހާގެނަން ތަހުގީގަށާއި ޝަރީޢަތަށް ބަޔާންކޮށް ދެއްވަންޖެހޭނެ ކަމެއްކަމަށާއި އެފަދަ މުހިންމު ވާހަކައެއް ނޫހުގައި ޝާއިޢުކޮށްފައިވަނީ ސާބިތުނުހިފޭ ގޮތެއްގައިކަމަށް ދައުލަތުގެ ވަކީލުފާހަގަކޮށް ވިދާޅުވެފައި ވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހަށް އެކަންއެނގެން ވާނެކަމަށް އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވާއިރު، 3 ނޮވެމްބަރުގެ ހާދިސާ ހިނގަމުން ދިޔައިރު ދިވެހިސަރުކާރުން ރައްޔިތުންނަށް ކަންތައްތައް ދިޔައީ ސާފުކޮށް ދެމުންކަން، ދިވެހިކޮންމެ ރައްޔިތަކު ވެސް އެކަމަށް ހެކިވާނެ ކަމަށާއި ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އެނގެންވާނެ ކިތަންމެ ކަންތައްތަކެއް ނޭނގެއޭ އެހެން އިލްޔާސް ހުސައިން އިބްރާހީމް ވިދާޅުވިކަމުގައި ވިޔަސް އެއީ ގަބޫލުކުރެވޭނެ ވާހަކައެއް ނޫންކަމަށާއި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ދިޔައީ ހުރިހާ ކަންތައްތަކެއް އަންގަމުން،
މަޝްވަރާހޯއްދަވަމުން އާންމު ރައްޔިތުންނަށް އެކަމާބެހޭ ހުރިހާ މައުލޫމާތެއް ދެމުންކަމަށާއި އެނޫހުގައި ރައްޔިތުންނަށް އެނގެންޖެހޭ ވަރަށް ގިނަކަންތައްތައް ނޭނގިހުރިކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ލިޔުއްވާފައިވުމުން، މިވާހަކަ އާންމުންގެ ތެރެއަށް މިގޮތަށް ނޫހެއްގެ ޒަރިއްޔާއިން ނުކުތްނަމަ، އެއީ މަސްލަހަތު ގެއްލިގެން ދާނެކަމެއް ކަމަށާއި ހަގީގަތާޚިލާފަށް ހަދައިގެން ދޮގުވާހަކަ ދެއްކުމަކީ، އިސްލާމްދީނުގައި ވެސް އަދި ރާއްޖޭގެ ގާނޫނުގައި ވެސް މަނާކަމެއް ކަމަށްވާތީ މިދެނުކުތާ ޚާއްސަގޮތެއްގައި ދައުލަތުން ފާހަގަކުރާ ކަމަށެވެ.
4- އިލްޔާސް ހުސައިން އިބްރާހީމް، ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ބުނެފައިވަނީ، އިންޑިޔާގެ މަނަވަރުން އިލްޔާސް ހުސައިން އިބްރާހީމާ ބައްދަލުކުރި އިންޖިނޭރެއް ދެއްކިވާހަކަ އެއްގައި ހޮސްޓެޖުންގަޔަށް ބަޑިޖެހީ، ދިވެހި ސިފައިންގެ ތެރެއިން އައިއެންއެސް ގޯދާވަރީއަށް ގެންދެވުނު ދިވެހި ސިފައިންގެ މީހުންކަމަށް ބުނިކަމަށާއި ނަމަވެސް، އެމަނަވަރުގެ ކެޕްޓަން މާލެފައިބާ ތޮށިގަނޑުމަތީގައި ހުރެގެންދެއްވި ބަޔާނުގައި ގޯދާވަރީގެ ކެޕްޓަން ބުނެފައިވަނީ، އަހަރުމެން ހޮސްޓެޖުންގެ ގަޔަށްބަޑި ޖެހީކަމަށާއި އެއީ ކަންތައް ދިމާވިގޮތުން ކަމަށާއި ބަޑިޖެހީ އިންޑިޔާ ސިފައިންނެކޭ ނުވަތަ ދިވެހިސިފައިންނެކޭ ނުބުނާކަމަށެވެ.
އެހެންކަމުން އިލްޔާސް ހުސައިން އިބްރާހީމާ، ބައްދަލުކުރި އިންޖިނޭރު އެހަދަނީ ދޮގެއްކަން އަންގައިދިނުމުގެ ގޮތުން، އެބަޔާން ނޫހުގައި ލިޔުނީކަމަށެވެ. މިގޮތަށް އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައި ބުނާއިރު، އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގަށް ދީފައިވާ ބަޔާނާއި ލިޔުއްވާފައިވާ ނޫސްބަޔާނަށް ޝަރީޢަތުގެ މަޖިލީހުން ވިސްނާބަލާއިރު، އޭނާއެހަދަނީ ދޮގެއްކަމާއި އެވާހަކައަކީ ހެއްވާޖޯކްވާހަކަ އަކަށްވާތީ ލިޔުނީކަމަށް ބުނާބުނުމަކީ، ޝަރީޢަތުގެ މަޖިލީހަށް ގަބޫލުކުރެވޭ ފަދަބުރަދަނެއް ހުރިވާހަކައެއް ކަމުގައި ބެލެވޭކަށް ނެތެވެ.
އެހެނީ އެއީ، 3 ނޮވެމްބަރުގެ ހަމަލާގެ ތެރޭގައި ރައްޔިތުން މަޖިލިސް މެދުވެރިކޮށް މުޅިދިވެހި ރައްޔިތުންނަށް އެނގެންބޭނުންވާ މުހިންމު ކަންތައްތަކެއް ހުރިކަމަށް އިލްޔާސް ހުސައިން އިބްރާހީމް ބުނަމުން އޭގެތެރެއިން އެމްވީ ޕްރޮގްރެސްލައިޓަށް ހޮސްޓެޖުންގަޔަށް ބަޑިޖެހީ އިންޑިޔާ މަނަވަރަށް ގެންދެވުނު ދިވެހިސިފައިން ކަމަށް އެމަނަވަރުގެ އިންޖިނޭރަކު ބުނިކަމަށާއި އެއީވެސް ވީއެއްނުވީއެއް ރައްޔިތުންނަށް އޮޅުންނުފިލާ ވެފައިވާ ކަމެއްކަމަށް ބުނިހިނދު، 3 ނޮވެމްބަރުގެ ހާދިސާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެމަޖިލިސްގައި ބަހުސްކޮށް ގަރާރެއްފާސްކޮށް ފައިވާކަން އިލްޔާސް ހުސައިން އިބްރާހީމްގެ އިއުތިރާފުން އެނގެން އޮތުމާއި އަދި ހޮސްޓެޖުންގެ ގަޔަށް ބަޑިޖެހީ ދިވެހި ސިފައިން ކަމަށް އެމަނަވަރުގެ އިންޖިނޭރު އެގޮތަށް ބުނިކަން އިލްޔާސް ހުސައިން އިބްރާހީމަށް، ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީއެވެ.
5- އިލްޔާސް ހުސައިން އިބްރާހީމް ހެއްކެއްގެގޮތުގައި ހުށަހެޅި އިބްރާހީމް ޞާބިރު، ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ހޮސްޓެޖުންގެ ގަޔަށްބަޑިޖެހީ، ދިވެހިސިފައިންކަމަށް އިންޖިނޭރު ބުނެފައި ނުވާކަމަށެވެ. ބަޑިޖެހީ “އަހަރުމެން” ކަމަށެވެ. އެހެންކަމުން ޝަރީޢަތަށް ސާބިތުވާފަދަ ފުރިހަމަހެކި އިލްޔާސް ހުސައިން އިބްރާހީމަށް ދެއްކިފައެއް ނުވެއެވެ.
(ފާހަގަކޮށްލަން ޖެހެނީ މަނަވަރުގެ ކެޕްޓަން މާލޭގެ ފަސްގަނޑުގައި ހުންނަވައިގެން ވިދާޅުވީ، “އަހަރުމެންނޭ ބަޑިޖެހީ” މިހެންނެވެ. ވަކިބައެއްގެ ނަންވިދާޅުވެފައެއް ނުވެއެވެ.)
ހުކުމް:
ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، މަންތިރި ނޫހުގެ ފުރަތަމަ އަދަދުގައި އިލްޔާސް ހުސައިން އިބްރާހީމް ލިޔެފައިވާ ބަޔާނުގައި ހަގީގަތާޚިލާފު ވާހަކަތަކެއް ލިޔެފައިނުވާނެކަމަށް ޝަރީޢަތުގެ މަޖިލީހުގައިބުނެ ދައުލަތުން ކުރައްވާ ދައުވާއަށް އިންކާރު ކުރާއިރު ޕްރޮގްރެސްލައިޓަށް ހޮސްޓެޖުންގެ ގަޔަށްބަޑިޖެހީ ދިވެހިސިފައިން ކަމަށް، އެމީހުންގެ ހެލިކޮޕްޓަރުތަކާއި ޖެޓްތަކުގެ އިންޖިނޭރަކު ބުނިކަމަށް ލިޔެފައިވާނެ ކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައާއި ތަހްގީގުގައިބުނެ އިއުތިރާފްވާއިރު ހޮސްޓެޖުންގެ ގަޔަށްބަޑިޖެހީ،
ދިވެހިސިފައިންކަން އިލްޔާސް ހުސައިން އިބްރާހީމަށް ޝަރީޢަތަށް ސާބިތުކޮށް ދެވޭފަދަހެކި ދެއްކިފައިނުވާތީ ސާބިތުނުހިފޭ ގޮތަށް ހަދައިގެން ދޮގުވާހަކަ ދެއްކުމުގެ ކުށުން، އިލްޔާސް ހުސައިން އިބްރާހީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅާ، މިސާބިތުވި ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުލް އުގޫބާތުގެ، 125 ވަނަމާއްދާގެ ދަށުން، އިލްޔާސް ހުސައިން އިބްރާހީމް، 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީއެވެ. މިގަޒިއްޔާ ބަލާއިނިޔާ ކަނޑައެޅީ ޖަސްޓިސްގެ ޚާއްސަގާޒީ، އަލްއުސްތާޒު އަބްދުލް ޣަފޫރު އަހްމަދެވެ.
މިހުކުމް އިއްވާނިމުމާއެކު، ހަތަރުވަނަ މައްސަލައިގެ ހުކުމް ގާޒީ އިއްވަވަން ފެއްޓެވިއެވެ. ދޭތެރޭގައި އެއްވެސް ހިނދުކޮޅެއް ނުދެއެވެ. މިދެހުކުމް އިއްވީޖެހިޖެހި ގެންނެވެ. ދެގަޒިއްޔާގެ ދެހުކުމަށް ވާގޮތަށެވެ. ދެވަނައަށް މިއަދުއިއްވެވި ހުކުމަކީ، ޓެރަރިޒަމްކުށުގެ މައުލޫތާތު ސިއްރުކުރުމުގެ ގޮތުން އިއްވި، 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމުގެ ހުކުމެވެ.
މިމައްސަލައިގެ ގަޒިއްޔާނަންބަރަކީ، 91/6-ސީޖޭ/249 އެވެ. ދައުވާފޯމް ނަންބަރަކީ، ޅ.91/163 އެވެ. ދައުވާކުރާ ފަރާތަކީ، އެޓަރނީ ޖެނެރަލްގެ އޮފީހެވެ. ގަޒިއްޔާގެ ބާވަތަކީ، ޓެރަރިޒަމްގެ ކުށުގެ މައުލޫމާތު ސިއްރުކުރުމެވެ. ދައުލަތުގެ ފަރާތުން ވަކަލާތުކުރައްވާ ފަރާތަކީ، އެޓަނީޖެނެރަލްގެ އޮފީހުގެ ސްޓޭޓްއެޓަރނީ އަލްއުސްތާޒް މުހަންމަދު ތައުފީގެވެ. މައްސަލަ ހުށަހެޅުނު ތާރީޚަކީ، 5 މެއި 1991 އެވެ. މައްސަލަ ނުމުނު ތާރީޚަކީ، 9 ސެޕްޓެމްބަރ 1991 އެވެ. ދައުވާލިބޭ ފަރާތަކީ އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމެވެ.
ދައުވާގެ ޚުލާސާ:
ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރަނީ، ޓެރަރިޒަމްގެ ކުށުގެ މައުލޫމާތު ސިއްރުކުރުމުގެ ކުށުގެ މައްޗަށެވެ.
މިކަންހިނގާފައިވާ ގޮތެއްކަމަށް މިގަޒިއްޔާގައި ވަކާލާތުކުރެއްވުމަށް ހާޒިރުވެ ވަޑައިގެންނެވި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓްއެޓަރނީ އަލްއުސްތާޒު މުހަންމަދު ތައުފީގު ވިދާޅުވަނީ، 2 ސެޕްޓެމްބަރ 1990 ވީއާދީއްތަ ދުވަހުގެރޭ ސަލްޓަންޕާކްގެ ތެރޭގައި ޕެޓެރޯލްބޮމެއް ގޮއްވާލުމާއި މާލޭގައިލޯންޗަކާއި ދެކާރުގޮއްވާލުމާއި ބާޒާރުމަތީ ފިހާރައަކާއި ގުދަނެއްގައި އަލިފާންރޯކޮށް މިފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ބަޔަކުހިންގިކަން އެނގިހުރެ ކަމާބެހޭފަރާތަށް އެކަންނާންގާ ސިއްރުކުރީ ކަމަށާއި މީނާގެ މައްޗަށް ދައުވާކުރައްވަނީ، ގާނޫނުނަންބަރު: 90/10 (ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ، 6 ވަނަމާއްދާގެ (ށ) ގެ ދަށުންކަމަށެވެ. އަދި މީނާ ތަހުގީގަށް ދީފައިވާ ބަޔާން ދައުލަތުގެ ސްޓޭޓްއެޓަރނީ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުއްވިއެވެ.
ދައުވާލިބޭ ފަރާތުގެ ވާހަކަތައް:
މިދައުވާއާމެދު އިލްޔާސް ހުސައިން އިބްރާހީމްގެ ބަހަކީކޮބައިތޯ ޝަރީއަތުގެ ފަރާތުން ސުވާލުކުރުމުން، ބުނަނީ މިގޮތަށެވެ. އަޅުގަނޑުގެ މައްޗަށް ދައުލަތުގެ އެޓަރނީ ޖެނެރަލްގެ ފަރާތްޕުޅުން އެކުރެއްވި ދައުވާއާގުޅޭގޮތުން ދަންނަވަމެވެ. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑާމެދު ދައުލަތުން ތިޔަކުރައްވާ ދައުވާއާދޭތެރޭ އަޅުގަނޑު ވަރަށްބޮޑަށް އަޖައިބުވަމެވެ. އަދި ހިތުގެއަޑިން ދެރަވެސްވަމެވެ. ހަގީގަތުގައި ސަލްޓަންޕާކްގައި ހިނގިކަންތައްތަކަކީ، ޓެރަރިޒަމްގެ އަމަލެއްކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ.
އެއީ ގައުމުގެ އިސްލާހަށް، ބޮޑުޑިމޮކްރަސީއަށް ގޮވާލާ މިގައުމުގައި ހިންގުނު ހަރަކާތާދެކޮޅަށް ސިފައިންގެ މަދަދާއެކުނެރުނު، “ބިންބިފޯސް” އޭ ކިޔުނުބަޔަކު ސަރުކާރު ހިންގަންތިބި ފަރާތުން ނެރުމުން އެބިންބިފޯހާ ދެކޮޅަށް ހިންގުނު ހަރަކާތެއްގައި އަމިއްލައަށްގޭގައި އުފައްދައިގެން ތައްޔާރުކުރެވުނު ކަޓޫރާބޮމެއް ސަލްޓަންޕާކް ތެރޭގައި ގޮއްވާލި ގޮއްވާލުމެކެވެ. މީހަކަށް އަދި މީހެއްގެ މުދަލަކަށް ގެންލުންނުވާނެ ގޮތްތަކަށް ބަލައިގެން ގައުމުގެ އިސްލާހަށް ބާރުއެޅުމުގެ ގޮތުން ދިނިޔޭގެ ސަމާލުކަމަށް ސަރުކާރުގެ އަނިޔާވެރިކަން ހާމަކުރުމަށް ކުރެވުނު ކަމެކެވެ.
ބަޔަކު ސަރުކާރައި ދެކޮޅަށް ނުކުމެ އަޑު އުފުލަމުން ގެންދާ އިސްލާހީ ހަރަކާތެއް ދިވެހިރާއްޖޭގައި އެބައޮތްކަން އެންގުމަށް ކުރެވުނު ކަމެކެވެ. ދިވެހި ރައްޔިތުންގެ ހައްގުގައި ސަރުކާރުން ނެރުނު “ބިންބިފޯސް” އައި ދެކޮޅަށް، ހިންގުނު މަދަނީ ބަސްނޭހުމެކެވެ. ސިޔާސީ ހަރަކާތެކެވެ. ބިންބިފޯހާ ދެކޮޅަށް ހިންގުނު ނުރުހުން ފާޅުކުރުމެކެވެ. އަދި ހެންވޭރުކޮޅަށް އެހެލާފައިއޮތް ހަލާކުވެފައިވާ ސަރުކާރުގެ މުދަލަކަށްވާ ލޯންޗެއްގެ ތެރޭގައި ގޮއްވާލެވުނު، އެފަދަ ގޭގައިހާދާފައިވާ ކަޓޫރަބޮމެއް ގޮއްވާލި ގޮއްވާލުމެކެވެ.
މިކަމަކީ، ބަޔަކަށް ގެންލުން ދިނުމަށާއި ޓެރަރިޒަމް ހިންގުމަށް ގޮއްވާލެވުނު ޕެޓްރޯލްބޮމެއް ނޫނެވެ. ހަތިޔާރެއް ނޫނެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރަމުން ގެންދިޔަ މީހުން ކަމުގައިވާ، ޑޮކްޓަރ ވަހީދާއި ގަލޮޅުކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އާއި އަޅުގަނޑުމެންގެ މައްޗަށް ޓެރަރިޒަމްގެ ހުކުމެއް ކޮންމެހެންވެސް ގެނައުމުގެ ބޭނުމުގައި ސަރުކާރުން ބިންބިފޯސް ލައްވާ، މާލެތެރޭގައި ދެކާރެއްގައި އަލިފާންރޯކޮށް ބާޒާރުމަތީގައި ހުންނަޑިމްސް ފިހާރައާއި އެލިޔާގައި ރޯކޮށްލީ އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅުނު ފަހުލަވާނުންގެ ބޮލުގައި ޓެރަރިޒަމްގެ ކުށްއަޅުވާއި ދިގުމުއްދަތަކަށް ޖަލަށްލާއި ބަންދުކޮށްލުމުގެ ދަހިވެތި ބޭނުމުގައެވެ.
ކަނޑައެޅިގެން އެއީ ސަރުކާރުންރޭވި ހުޅުޖެހުމެކެވެ. އެހެންނޫންނަމަ، މިދެންނެވި ކަޓޫރަބޮމާއި މާލެތެރޭގައި ހިންގިއަލިފާނުގެ ބޮޑުހުޅުގެ ހާދިސާއާ ގުޅުވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދައުލަތުން ދައުވާ މިކުރައްވަނީ ވެސް ވަރަށް ހެއްވާ ގޮތަކަށެވެ. ހެއްކަށް ގަރީނާއަށް ބެލުމެއްނެތި ރޭވުމެއްގެ ދަށުންނެވެ. އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއްނެތް، މާލެތެރޭގައި ސަރުކާރުން ނެރެގެން ފަސާދަހިންގި، ބިންބިފޯސް އަޑީގައި ތިބެގެން މާލެތެރޭގައި ހިންގި އަލިފާނުން ހުޅުޖެހުމުގެ ބޮޑުހުޅުގެ ކަންތަކާ އަޅުގަނޑުމެން، އިސްލާހީ ހަރަކާތުގައި ބޭނުންކުރި ކަޓޫރަބޮންތަކާ ގުޅުވައިގެން އެއްގޮތަކަށް ވެސް ދައުވާ އުފުލިގެން ނުވާނެއެވެ.
މިއީ މުޅިން ދެހަރަކާތެކެވެ. ފަސާދަކުރުމާއި އިސްލާހު ކުރުންފަދަ ދެކަމެވެ. އަޅުގަނޑު މެންގެ މަސައްކަތަށް ބޭރުދުނިޔެއިންނާއި ރައްޔިތުންގެ ތާއީދު އޮތެވެ. ރައްޔިތުންގެ އިސްލާހަށް އުޅުނު ރައްޔިތުންގެ ބަޔަކާއި ސަރުކާރުން އެހަރަކާތާ ދެކޮޅަށް ނެރުނު ސްޓޭޓު ފަންޑަޑު ފަސާދަކުރުމުގެ ހަރަކާތެކެވެ. އަދި މިއީ އެއްގޮތަކަށް ވެސް ސައްހަ ދައުވާއެއް ކަމަށް ގަބޫލެއް ނުކުރަމެވެ. މިކަމާ އެއްވެސް ގުޅުމެއް ނެތް ބަޔަކާ ގުޅުވައިގެން މާލެތެރޭގައި ހިންގި އަލިފާނުގެ ބޮޑުހުޅުޖެހުމުގެ މިފަދަ ހާދިސާތައް އެނގިހުރެ ނާންގައިގެން ކުރެވޭ ދައުވާއެއްގެ ގޮތުގައި ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން، މިޞީޣާއިން އަޅުގަނޑު މެންގެމައްޗަށް ދައުވާއުފުލިގެން ނުވާނެއެވެ.
މިއީ މުޅިން ގޯސް ސީޣާއެކެވެ. ދަންނަވަން ތޯއެވެ. މިއީ މުޅިން ދެކަމެކެވެ. މިއީ ދިވެހިގައުމުގެ އިސްލާހަށް މަސައްކަތް ކުރުމުގައި ފާޅުކޮށް ހަރަކާތްތެރިވެ އުޅުނު މުޞްލިޙުންނާ ދެކޮޅަށް ފަސާދަ އުފެއްދުމަށް ރަށުތެރެއަށް ސަރުކާރުން ނެރުނު ފާސިދުބާރެއް ކަމުގައިވާ “ބިންބިފޯހެއް” ގެ ފަރާތުން ހިންގިފާސިދު ހަރަކާތް ތަކެއްގެ ވާހަކައެވެ. މިދެކަންތައް އެއްކޮށްގެން ދައުވާ އުފުލޭނެ ގޮތެއް، އަދި މިފަދަ ދައުވާއެއް ބެލޭނެގޮތެއް ވެސް އޮވެގެން ނުވާނެއެވެ.
ސަރުކާރުން މިދެކަންތައް އެއްކޮށްލައިގެން ޓެރަރިޒަމަށް ބަދަލުކޮށްލީ ގަސްދުގައި ބޮޑުރޭވުމަކުންނެވެ. އޮޅުވާލުމެއްގެ ދަށުންނެވެ. އަދި ވަގުމަޅިއެއް ޖަހައިގެން ވަކިބަޔަކު ހިފާހައްޔަރު ކުރުމަށްފަހު، އެމީހުންނަކީ ޓެރަރިސްޓުންނަށް ހަދާއި ތައްގަޑުޖަހާއި ނިންމުމަށް ރޭގަނޑާއެކު ރައްޔިތުންގެ މަޖިލިސް، ރައީސް އޮފީހުން ފޮތްފޮނުވައިގެން ޖަލްސާތަކަށް ކިޔައިގެން، ރާއްޖޭގައި ޓެރަރިޒަމް މަނާކުރާ ގާނޫނެއްލިޔެ އުފައްދައިގެން އެގާނޫނު ފާސްކޮށް އެގާނޫނުގައި މީގެކުރިން މަފަދައަމަލުތައް ހިންގާފައިވާ މީހުންވެސް ހިމެނޭގޮތަށް ވަކިޚާއްސަ މާއްދާއެއް ބާއްވައި ފަރުމާކޮށް ހެދުމުގެ ބޭނުމަކީ، ރާއްޖޭގައި އުފެދިފައިއޮތް އިސްލާހީ ހަރަކާތުގެ މުއައްސިސުން ކަމުގައިވާ އަޅުގަނޑުމެން ޓެރަރިސްޓުންނަށް ހަދާލުމެވެ.
އިއްޒަތްރެރި ގާޒީއަށް އެނގިނުލައްވަނީތޯއެވެ؟ ގާނޫނީބިނާއެއް ނެތް ގަޒިއްޔާއެކެވެ. އެއްވެސް އިލާހީޝަރީޢަތެއްގައި ނުވަތަ ގާނޫނެއްގައި އެޝަރީޢަތެއް ނުވަތަ އެގާނޫނެއް ބާއްވާލެއްވުމުގެ ކުރިންހިންގާފައިވާ އެއްވެސް ކުށަކަށް ފަހުންބާއްވާލައްވާ ޝަރީޢަތަކުން ނުވަތަ ގާނޫނަކުން ހުކުމެއްކޮށް ނުވަތަ ނިޔާއެއް ކަނޑައެޅިފައެއް މިހާތަނަކަށް ނެތެވެ. މިއީ މިހާތަނަށް ދުނިޔޭގައި އަލަށް ކުރާކަމެކެވެ. ފަނޑިޔާރުން މިކަންކަން ފާހަގަ ކުރަންޖެހޭނެއެވެ. އަދިމިއީ ގާނޫނީ އިލްމުގައި މުޅިންމަނާކަމެކެވެ. ޝާޒްކަމެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ.
އިއްޒަތްތެރި ގަޒީއެވެ! ރަނގަޅަސް ބައްލަވާށެވެ! ދައުލަތުން އެވިދާޅުވާ ޓެރަރިޒަމް މަނާކުރުމާބެހޭ ގާނޫނު އުފަންކުރިގޮތް މިދެންނެވީއެވެ. ފުރަތަމަ ހޯދީ ޓެރަރިސްޓުންނަށް ހަދާނެ ބައެކެވެ. ދެން ގެއައި ގާނޫނެވެ. ދެން ގާޒީލައްވައި ތިޔަގެންނަނީ ހުކުމެވެ. ފަހެ، ދަންނައެވެ! އެއީ ސަރުކާރުން، ޓެރަރައިޒްކޮށްފައިވާ ޓެރަރިޒަމާބެހޭ ގާނޫނެކެވެ. ބަޔަކު މިދުނިޔެއިން ނައްތާލުމަށް ހިންގާފައިވާ ބޮޑު ރޭވުންގަނޑެކެވެ. ވަކިބަޔަކަށް ވަކިކަހަލަ ހުކުމެއް އިއްވުމުގެ ދަހިވެތިކަމުގައި ގާނޫނީއިލްމާއި އިލާހީޝަރީޢަތާ ޚިލާފަށް އުފައްދާފައިވާ އުޞޫލީގާނޫނީ ބިނާއެއް ނެތް ބަލިކަށި ގާނޫނެކެވެ. ސިޔާސީ ކުލަޖެހިފައިވާ ނަހަމަ ގާނޫނެކެވެ.
އިއްޒަތްތެރި ގާޒީއެވެ! މިފަދަ ބަލިކަށި ގާނޫނަކަށް ޢަމަލުކުރެވެން ނެތްކަމަށް، ހުކުމް ކުރެއްވުމުގެ ފުރިހަމަ ހައްގު މިއަދު އިއްޒަތްތެރި ގާޒީއަށް ފުރިހަމަ އިޚްތިޔާރާ އެކު ލިބިގެންވާކަން އަޅުގަނޑު ހާމަކަންބޮޑުކޮށް ދަންނާށެވެ! ނިޔާކަނޑައެޅުމުގައި މިހުރީ ބައްލަވާ ލައްވަން ޖެހޭނެ ވަރަށްމުހިންމު ނުކުތާތަކެވެ! ފަހެ، މިނުކުތާތަކަށް ވިސްނަވާ ވަޑައިގެންނެވުމަށް އިޚްލާޞްތެރި ކަމާއެކު އާދޭހައި އެކު އެދެމެވެ! އަޅުގަނޑުމެންނީ ސައްތައިން ސައްތަ އިސްލާމުންނަށް ވާތީއެވެ! ދައުލަތުގެ ބަންޑާރަނައިބަކަށް ރައީސް މައުމޫނުގެ ކޮލެޖްދައުރުގެ ރަހްމަތްތެރިއަކު ކަމުގައިވާ އަލްއުސްތާޒު ޒާހިރު ހުސައިން ކުއްލިއަކަށް ބަދަލެއް ގެނެސް ހަމަޖައްސަން ޖެހުނީވެސް މިފަދަ އަމިއްލަ އެދުމުގެ ސިޔާސީ ބޭނުމުގައިކަން ދަންނާށެވެ!
އިއްޒަތްތެރި ގާޒީއެވެ! ޓެރަރިޒަމް ގާނޫނެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ގަބޫލެއްވެސް ނުކުރަމެވެ. މިއީ ގާނޫގެ ކުރިން ކުރެވުނު ކަމެކެވެ. ތިޔަ ގާނޫނުން ހުކުމް ކުރައްވާނީ ކިހިނެތްތޯއެވެ؟ ހަމަގައިމުވެސް އަޅުގަނޑުމެން ބަންދު ކުރިއިރު މިފަދަގާނޫނެއް ނެތެވެ. އަޅުގަނޑުމެންނާ ދައުވާކުރާ ކަޓޫރަބޮން ގޮއްވާލި އިރަކު ޓެރަރިޒަމާބެހޭ ގާނޫނެއް ހަމަޔަގީނުންވެސް މިވުޖޫދަކު ނެތެވެ. ހަމަ އެފަދައިން އަޅުގަނޑުގެ މައްޗަށް ދައުވާއުފުލާ ފަރާތަށް ވެސް ސަލްޓަންޕާކުގައި އެއެއްޗެއް ގޮއްވާލިއިރު އެއީ ޓެރަރިސްޓް އަމަލެއްކަން ކަށަވަރެއް ނުކުރެވޭނެއެވެ.
ޓެރަރިޒަމެއް އޭރަކު ދިވެހިންނެއް ނުދަންނާނެއެވެ. އެފަދަގާނޫނެއް ވުޖޫދަކު ނޯންނާނެއެވެ. މިއީ ބަޔަކަށް ގަސްދުގައި ބިރުދައްކާއި ހޭއަރުވާލުމުގެ މަގްސަދުގައި އުފައްދައިގެން އުޅޭ، އަދި ބަޔަކު ޓެރަރައިޒް ކުރެވިފައިވާ އަސްލެއްނެތް ގާނޫނެކެވެ. ރަށުމެދަށް އުފަންކޮށްފައިވާ ހަރާންދަރިއެކެވެ. މިކަމަކީ ޓެރަރިސްޓު އަމަލެކޭ ދައުލަތުން ދައުވާކުރައްވާ ބޭފުޅާ އެވިދާޅުވަނީ، ގާނޫނީ ބިނާއެއްނެތި އަސްލެއްނެތް ގާނޫނަކަށް ހަވާލާ ދެއްވަމުންނެވެ. ކަންހިނގި އިރު ވުޖޫދުގައި ނެތް ގާނޫނަކުން ދައުވާއެއް ނުއުފުލޭނެއެވެ!
ދައުވާ އެފުއްލަވަނީ، ގާނޫނުއައުމުގެ ކުރިން ހިނގާފައިވާ ކަމަކަށް، ޝައްކާއި ވަހުމުގެ ތެރެއިން އޮޅުވާލައިގެންނެވެ. އެއްވެސް އިލާހީ ޝަރީޢަތެއްގައި މިގޮތަށް ދައުވާ އުފުލިފައެއް ނެތެވެ. އެހެނެއްނޫނެވެ! މުސްތަބިއްދު ޚުދުމުޚްތާރު ވެރިން އަންގަވާގޮތަށް ހުކުމްކުރާ ގާޒިން މިފަދަ ހުކުމްތައް ދުނިޔޭގައި ކޮށްފައި އެބަހުއްޓެވެ. މާލޭގައި މީގެކުރިން ފަޓާސްފަދަ އެއްޗެހި ގޮއްވާފައި ވެސް އެބަހުއްޓެވެ. އަދި ކުނިގޮނޑުގައި ސެންޓުފުޅިފަދަ ތަކެތިވެސް ގޮއްވާފައި އެބަހުއްޓެވެ. އެއީ މާބޮޑުކަމަކަށް ނުވެއެވެ. އެކަން އެކުރީ ޓެރަރިސްޓުންނަކަށް ނުވެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓް 18 އިންފެށިގެން އަޅުގަނޑު މިއިންނަނީ ދޫނިދޫގައި ކުޑަގޮޅީގައި ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައެވެ. އެއީ މާލޭގައި ފާޅުވެގެން އުޅުނު މަޝްހޫކެސެޓް ރޯލެއްގެ މައްސަލައިގައެވެ. އިއްޒަތްތެރި ގާޒީއަށް އެނގިވަޑައި ގަންނަވާނެއެވެ. އެހުކުމް އިއްވެވީވެސް ތިޔަ އިއްޒަތްތެރި ގާޒީއެވެ. ސަލްޓަންޕާކްގައި ކަޓޫރައެއްގޮވިއިރު އަޅުގަނޑުހުރީ ދޫނިދޫޖަލުގެ ކުޑަގޮޅީގައެވެ. މިހާރުވެސް މިހުންނަނީ އެހުރިގޮތަށް ދޫނިދޫ ޖަލުގެކުޑަގޮޅީގައެވެ. ހަދާންވާ ގޮތުގައި އަޅުގަނޑު މާލެއަށް ގެންދިޔައީ، 2 އޮކްޓޯބަރުގައެވެ.
ދެން އަނެއްކާވެސް ނޮވެންބަރު މަހުގެ ކުރީކޮޅުގައި މަންތިރި މައްސަލާގައި ދޫނިދޫއަށް ގެނެސްބަންދު ކުރީއެވެ. އެދުވަސްކޮޅު އަޅުގަނޑުގެ އޮފީހަށް، އިސްލާމީމަރުކަޒަށް ނުކުތުމުން އެތާތެރޭގައި ގ.އުތުރުގޭ މުހަންމަދުޚަލީލު (މައްކޮ) އާދެމެދު ދެކެވުނު ވާހަކައެއްގައި ސަލްޓަންޕާކްގައި ގޮއްވާލި ބޮމެއްގެވާހަކަ، އަޅުގަނޑު މައްކޮއަރިހުގައި ދެއްކިހަދާނެއް އެއްގޮތަކަށް ވެސް ނެތެވެ. ފުލުހުން އެމީހުންގެ ބޭނުމަށް ކަމަށްބުނެނެގި ބަޔާނުގައި އެފަދަވާހަކައެއް އެމީހުން ރާވާލައިގެން ލިޔުނީމާ، އަޅުގަނޑު ސޮއިކުރީއެވެ.
އެބަޔާނަކީ އެއްގޮތަކަށް ވެސް ކޯޓަށްދިން ބަޔާނެއް ނޫނެވެ. ޝަރީޢަތުގައި ބޭނުންކުރުމަށް އަޅުގަނޑުދިން ބަޔާނެއް ނޫނެވެ. އެއީ ސިފައިން ލިޔުނީމާ ސިފައިންގެ މައުލޫމާތަށް ދިންބަޔާނެކެވެ. އެއީ ޝަރީޢަތަށް ސައްހައެއްޗެއް ކަމަށް ބައްލަވައިގެން ނުވާނެއެވެ. އަޅުގަނޑު ދުވަހަކުވެސް މައްކޮ އަރިހުގައި ސަލްޓަންޕާކްގައި ބޮމެއްގޮއްވި ވާހަކައެއް ނުދައްކަމެވެ. އެއީ ސިފައިން ނުވަތަ ފުލުހުން ކަމުގައިވާ، މޯރާތައުފީގާއި ވ.ޅަހުއްތުމެން އުފެއްދިވާހަކަ އެކެވެ. އެމީހުން އިޖާދުކުރި ވާހަކައެކެވެ. އެއްގޮތަކަށް ވެސް މިއީބިރުވެރި ޓެރަރިސްޓް އަމަލެއްކަން ނުދެނަހުރީމެވެ. މީހަކަށް ނުވަތަ މީހެއްގެ މުދަލަކަށް ލިބުނުގެއްލުމެއް ނެތެވެ.
އިއްޒަތްތެރި ގާޒީއެވެ! ދަންނާށެވެ! މިއީ އިސްލާހީ ހަރަކާތުގައި އެހެންގައުމުތަކުގައި ވެސް ބޭނުންކުރާޒާތުގެ އަމިއްލައަށް އުފެއްދި ގޮވާޒާތުގެ އެއްޗެކެވެ. އަދިއެއީ ކާކުގޮއްވާލި އެއްޗެއްކަން ހަގީގަތުގައި ވެސް އަޅުގަނޑު ތެދުބަހުން ދަންނަވަނީ ނަމަ، އަޅުގަނޑަށް މިއެނގުނީ މައަދު މިކޯޓުގައެވެ. ދައުލަތުގެ ފަރާތުން ދައުވާކުރައްވާ ބޭފުޅާ ވިދާޅުވީމައެވެ. އަދި ދަންނަވަމެވެ! އަޅުގަނޑަށް ދައުވާކުރެއްވި އިތުރުދެނުކުތާ އާދޭތެރޭގައި ދަންނަވަން އޮތީ އަލިފާނުގެ އެއްވެސް ކަމެއް އަޅުގަނޑަށް ނޭނގެއެވެ.
އެއީ ސަރުކާރުގެ ބޮޑުންގެ ގޮތުގައި ތިއްބެވި އެންދެރިކޭންޕުން މާލެތެރެއަށް ނެރެގެން އުޅުނު ބިންބިފޯހުން ހިންގިފަސާދައިގެ ބޮޑުކަންތައް ގަނޑެކެވެ. މާސިންގާ ބޮޑު ފަސާދައެކެވެ. ﷲގެ އިރާދަފުޅުން އެކަންތައް އަޅުގަނޑު މެންގެ ބޮލުގައި ނޭޅުވުނީ އެކަންކުރުވަން ގެންގުޅުކުދިން އެކަންކުރަން ތިއްބާ އަތުލައި ގަނެވުނީމައެވެ. އަލިފާނުގެ ކަންތަކަކީ، އަޅުގަނޑުމެން މާލެތެރޭގައި ހިންގި ކަމަކަށް ސިފައިން ބަޔާންތައް ހަދައިގެން އަޅުގަނޑު މެންގެނަމުގައި ދިވެހިރާއްޖޭގެ އަޑުންނާއި ޓީވީއެމް އިން ކިޔާހެދިއެވެ.
އެހެނަސް ޝަރީޢަތާ ހަމައަށް އެކަންގެނެވޭ ގޮތްނުވީ މިދެންނެވިހެން އަލިފާންޖަހަނިކޮށް އެކަންތައް ކުރިމީހުން ހިފުނީމައެވެ. އެހެން ނޫންނަމަ، އިއްޒަތްތެރި ގާޒީއަށް މިއަދު އެހުކުމްތައް ވެސް އިއްވަންޖެހުނީހީ އަޅުގަނޑުމެންގެ މައްޗަށެވެ. އަދި ދަންނަވަމެވެ! އަޅުގަނޑުގެ ބަޔާނުގައި ކޮނޑޭތުއްތު މަނިކުގެ ވާހަކައެއް ސިފައިން ލިޔެފައި އޮންނާނެއެވެ. ފުއްޕާހަމަކަށް ގޭސްއަޅައިގެން ތުއްތުމަނިކު ގެންގުޅޭ ކާރަށް ގޮތެއްހަދާލަން ރޭވިވާހަކަތަކެއް އަޅުގަނޑު ގާތުގައި ބުނިކަމަށެވެ.
އެހެނަސް އެއީ ކަނޑައެޅިގެން މުޅިންދޮގެކެވެ. އޭނާގެކާރަށް ގޭސްފުއްޕާހަމަކުން ހަމަލާއެއް ދޭންއުޅުނުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއީ ސިފައިން އަމިއްލައަށް ހަދާލައިގެން ލިޔުނު ވާހަކައެކެވެ. އެހެނަސް ބިންބޮފޯހަކީ ޒާތެއްގެ ނުފޫޒަކާއިބާރެއް ސަރުކާރާއި ސިފައިންގެ ބައެއްބޮޑުންގެ ފަރާތުން ސީދާކޮށް ލިބިގެން މާލެތެރެ ފަސާދަކޮށް، ނުލަފާއަރުވަން އުޅުނުބައެކެވެ. ސަރުކާރުން މަދަދާއި އެހީތެރިކަން ލިބިގެން އުޅުނު ގުރޫޕެކެވެ.
އަޅުގަނޑު އެފުޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތުގައި ބަންދުވި ސަޓޯއާއި އިލްޔާސް އިބްރާހީމްގެ، އެތަހުގީގާބެހޭ ވާހަކަދައްކާފައިވާ ކެސެޓްރޯލް ފަޅާއަރުވާލުމުން، ބިންބިފޯހުން އެކަމާ ރުޅިވެރިކަން ފާޅުކޮށް ޖަވާހިރުވާދީއަށް އޮއްގަލުން ހަމަލާދީ، އަދި އެއްދުވަހަކު ކޮނޑޭތުއްތުމަނިކު އޭނާގެންގުޅޭ ޓްރެކްޓަރަކަށް ގާއަރުވައިގެން ޖަވާހިރުވާދީ ދޮށަށް އައިސް ކޮއްކޮމެން ރުޅިއަރުވާ ހަދާފައިވެއެވެ. ޖަވާހިރުވާދީއަށް ކުނިބިސް އުކާހަދާފައި ވެއެވެ.
އަޅުގަނޑު ގެއަށްގެނައި ދުވަސްކޮޅު ބިންބިފޯހުގެ އުނދަގޫ ތަކުގެ ވާހަކަ ކޮއްކޮމެން ބުނެދިނުމުން އެކަމާއަޅާ ނުލުމަށާއި އެމީހުން އެއުޅެނީ ކޮއްކޮމެން ލައްވާ ކޮންމެވެސް ގޯސްކަމެއް ކުރުވައި އަޅުގނޑުމެން އެންމެންނަށް ވަރުގަދަ ބޮނޑިއެއްދޭން ރާވައިގެންނޭ އަޅުގަނޑު ބުނީމެވެ. އެމީހުންގެ އެއްވެސް މީހަކަށް އަދި އެމީހުންގެ އެއްވެސް މުދަލަކަށް އަދި އެމީހުންގެ އެއްވެސް ތަނަކަށް ގެއްލުމެއްދީގެން ނުވާނެކަމަށް ބުނީމެމެވެ. ދެން މިކަމުގައި އިތުރަށް ދައްކާނެ ވާހަކައެއްނެތެވެ. ނިމުނީއެވެ.
ދައުލަތުގެ ވަކީލުގެ ވާހަކަތައް:
އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި އެދެއްކި ވާހަކަތަކުގެ ތެރެއިން، ބައެއްވާހަކަތަކާ ގުޅޭގޮތުން އަޅުގަނޑު ދަންނަވަންޖެހޭ ވާހަކަ އެބަހުރިއެވެ. ބޮމެއް ތައްޔާރުކުރުން އެއީ ޓެރަރިޒަމް އަމަލެކެވެ. ރާއްޖޭގެ ގާނޫނު ބުނާގޮތުން އެހެން ދަންނަވަން ޖެހެނީ އެއީ އެކިވައްތަރުގެ ބަޑި ނޫނިއްޔާ ފިސްތޯލަ ނޫނިއްޔާ އެފަދަތަކެތީގެ ވަޒަން ނުވަތަ އެކިވަށްތަރުގެ ބޮން، ނުވަތަ އެބާވަތުގެ އެހެންވެސް އެއްޗެތި ސަރުކާރުގެ ހުއްދައެއްނެތި ރާއްޖެއަށް އެތެރެކުރުން ވެސް އަދި ނުވަތަ ރާއްޖޭގައި އެފަދަތަކެތި އުފެއްދުން ވެސް އެއީ ޓެރަރިޒަމް ކުށުގެ އަމަލެކެވެ.
ދެން އިލްޔާސް ހުސައިން އިބްރާހީމް އެވިދާޅުވަނީ، އިލްޔާސް ތަހުގީގަށްދެއްވި ބަޔާނުގައި ދެއްކިބައެއް ވާހަކަ ހުރެފައި އަނެއްބައެއް ވާހަކަ ނެތްވާހަކަ އެކަމާއަޅުގަނޑު ދަންނަވާނީ، އިލްޔާސް ހުސައިން އިބްރާހީމަށް އެނގިވަޑައި ގަންނަވަންވާނެ، މައްސަލައެއްގައި އެމީހެއްގެ ބަޔާން ނެގެމުންދާއިރު އެބަޔާނަކީ، ޝަރީޢަތުގެ މަޖިލީހަށް ދާނެ ބަޔާނެއްކަމަށް ގަބޫލުކުރެއްވެން ވާނެއެވެ. ފަހަރެއްގައި ވެސް ތިމަންނާ ހީފުޅެއް ނުކުރައްވަމޭ ޝަރީޢަތަށް ހުށަނޭޅޭނެ ކަމަކަށެއް. ތިމަންނާ ހީފުޅުކުރެއްވީ ފުލުހުންގެ މައުލޫމާތަށްނަގާ އެއްޗެއްކަމަށެވެ. އެހެންހީފުޅު ކުރައްވަންޏާ އެއީ ވަރަށްބޮޑުކުށްހީއެކެވެ.
އަޅުގަނޑު ދަންނަވާނީ، އިލްޔާސް ހުސައިން އިބްރާހީމް ކަހަލަ ތައުލީމު ލިބިފައިވާ ބޭފުޅަކު އެގޮތަށް ޚިޔާލުކުރެއްވިކަމުން އަޅުގަނޑު ހިތާމަކުރާވާހަކަ ދަންނަވަމެވެ. ދެން، ޓެރަރިޒަމްގެ އަމަލެއްކަމަށް އިލްޔާސް ހުސައިން އިބްރާހީމަށް އެނގިވަޑައި ގެންފައިނެތޭ އެވިދާޅުވާ ވިދާޅުވުމަށް އަޅުގަނޑު ދަންނަވާނީ، އެފަދައެއްޗެއް ތައްޔާރުކުރުން އެއީ ޓެރަރިޒަމް އަމަލެއްކަމަށެވެ.
ކާރެއްގޮއްވާލަން ކަމަށް، އަހްމަދުރަޝީދު، ދެންނެވިކަމަށް މިބަޔާނުގަ ވެސް އެބައާދެއެވެ. އެހެންވީމާ އެކަންގައިމު އިލްޔާސް ހުސައިން އިބްރާހީމް ގަބޫލުކުރެއްވީކަން. ޓެރަރިޒަމްގާނޫގެ، 2 ވަނަމާއްދާ ބުނާގޮތުން، އަޅުގަނޑު ދަންނަވަންއޮތީ އެއަމަލަކީ ޓެރަރިޒަމްގެ އަމަލެކެވެ. ދެން އިތުރަށް ދަންނަވާނެ ވާހަކައެއް ނެތެވެ. އިލްޔާސް ހުސައިން އިބްރާހީމް ފުލުހުންނަށް ދެއްވާފައިވާ ބަޔާން، ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅަމެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1- ދައުލަތުގެ އެޓަރނީޖެނެރަލްގެ ފަރާތްޕުޅުން ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމްގެ މައްޗަށް ދައުވާކުރައްވަނީ، 2 ސެޕްޓެމްބަރ 1990 ވަނަދުވަހުގެރޭ ސަލްޓަންޕާކްގެ ތެރޭގައި ފެޓްރޯލްބޮމެއް ގޮއްވާލުމާއި މާލޭގައި ލޯންޗަކާއި ދެކާރު ގޮއްވާލުމާއި ބާޒާރުމަތީ ފިހާރައަކާއި ގުދަނެއްގައި އަލިފާންރޯކޮށް މިފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ބަޔަކުހިންގިކަން އެނގިހުރެ ކަމާބެހޭ ފަރާތަށް އެކަންނާންގާ ސިއްރުކޮށްފައިވާތީ ޓެރަރިޒަމްގެކުށުގެ މައުލޫމާތު ސިއްރުކުރުމުގެ ކުށަށް ގާނޫނުނަންބަރު: 90/19 ގެ 6 ވަނަމާއްދާގެ (ށ) ގެ ދަށުންނެވެ.
2- އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ، ކެސެޓްރޯލްގެ މަސްއަލާގައި އިލްޔާސް ހުސައިން އިބްރަހީމް ބަންދުކޮށް ދޫކޮށްލުމަށް ފަހު، އޮފީހަށް ނުކުތްދުވަހު އޮފީހުގައި އިލްޔާސް ހުސައިން އިބްރާހީމް އާއެކު މަސައްކަތްކުރާ އެކުވެރިއަކާ ވާހަކަދައްކަން ތިބުމުގައި ދެމީހުންނަށް ދެކެވުނު ވާހަކައެއްގެ ތެރޭގައި އިސްލާމީ މަރުކަޒުގެ ވޮޗަރެއްގެ ފަރާތުން ސަލްޓަންޕާކްގައި މިކަހަލަކަމެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައި އެބައޮތްކަމަށާއި އެމީހުންނަށް މިކަމުގައި ކޮންމެވެސް ވަރަކަށް ހަންދުގެ އަމަލެއް ވާކަމަށް ނިންމުނުކަމަށް އިލްޔާސް ހުސައިން އިބްރާހީމްބުނެ އިއުތިރާފް ވެއެވެ.
3- ދައުލަތުން ދައުވާ ކުރެއްވުމުގައި އިތުރު އަލިފާނުގެ ދެތިން ހާދިސާއެއްގެ މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވާއިރު އިލްޔާސް ހުސައިން އިބްރާހީމަށް އޭގެއެއްވެސް މައުލޫމާތެއްލިބިފައި ނުވާކަމަށާއި އެކަމަށް އެއްވެސް ދަލީލެއްހެއްކެއް އޮތިއްޔާއެކަން އަންގައި ދިނުން އެދޭކަމަށާއި އިލްޔާސް ހުސައިން އިބްރާހީމް މިހުރީ އިލްޔާސް ހުސައިން އިބްރާހީމްގެ ދިފާޢުގައި އެކަމަށް ވެސް ވާހަކަދައްކަން ކަމަށާއި އިލްޔާސް ހުސައިން އިބްރާހީމްގެ ބަޔާނުން އެނގެނީ، ސަލްޓަންޕާކްގައި އެހިނގި ބޮންގޮއްވާ ލުމުގައި އެޝައްކުވި ޝައްކުވުން ކަމަށެވެ.
4- އިލްޔާސް ހުސައިން އިބްރާހީމް ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، އެބަޔާނުގައި ބުނެފައިވަނީ ކަނޑައެޅިގެން ވަކިދުވަހެއް ބުނަންނޭނގޭ ދުވަހަކު، (ހަނދާންވާ ގޮތުގައި، 1990 ޖުލައިމަހު ފަހުކޮޅު) އިލްޔާސް ހުސައިން އިބްރާހީމާއި ގ.އުތުރުގޭ މުހަންމަދު ޚަލީލް (މައްކޮ) އާދެމީހުން އިސްލާމީ މަރުކަޒުގެ އޮފީސްބައިގާ ތިއްބާ، އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ އަހްމަދު ރަޝީދި (ހަންދު) ކޮންމެވެސް ކަމެއްގައި އެތަނަށް އައިސްއުޅެފައި ނުކުމެގެން ދަމުން، ބޮމެއްހަދަން އުޅޭވާހަކަބުނި ކަމަށާއި ހަންދު މިބުނިއެއްޗަކާ ގުޅޭގޮތުން އިލްޔާސް ހުސައިން އިބްރާހީމް އެއްޗެކޭނުބުނާ ކަމަށާއި ކެސެޓްރޯލްގެ މައްސަލާގައި އިލްޔާސް ހުސައިން އިބްރާހީމް ހައްޔަރުކުރުމަށް ފަހު،
ދޫކޮށްލުމުން އޮފީހަށް ނުކުމެއުޅުނު އުޅުމުގައި އިސްލާމީ މަރުކަޒުގެ ވޮޗަރު ސަލްޓަންޕާކްގައި އެއްޗެއް ގޮވައިގެން އުޅޭވާހަކަ ދެއްކިއަޑު އިވުނުކަމަށާއި މިއަޑުއިވުނީމާ ކުރީދުވަހު، އަހްމަދުރަޝީދު (ހަންދު) ދެއްކިވާހަކައާ ގުޅުންހުރިކަމަށް ލަފާކުރެވި އިލްޔާސް ހުސައިން އިބްރާހީމާއި މުހަންމަދު ޚަލީލް (މައްކޮ) އާދެމީހުން މިކަމާމެދު ޚިޔާލުކޮށް ދެމީހުންގެޚިޔާލަށް ނިންމީ ސަލްޓަންޕާކްގައި ގޮވިއެއްޗަކީ، އަހްމަދުރަޝީދު (ހަންދު) ގެ ކަމެއްކަމަށެވެ. އަދި މިހެންކަން ހިނގާފައި ވަނިކޮށް އިލްޔާސް ހުސައިން އިބްރާހީމް ގޭގެފެންޑާ މަތީގައިހުންނަ ސަރަންފީ ގޮނޑިއެއްގައި އޮށޯވެލައިގެން އޮއްވާ،
އަހްމަދުރަޝީދު (ހަންދު) ބޭރުންއައިސް ގެއަށްވަނުމުން ސަލްޓަންޕާކްގައި ގޮވިއެއްޗަކީ، އެއީ އަހްމަދުރަޝީދު (ހަންދު) ގެކަމެއްހޭ އަހާލުމުން، އަހްމަދުރަޝީދު (ހަންދު) އާންއެކޭ އެއީ ތިމަންނަ ކަމަކޭ މިހެން އަހްމަދުރަޝީދު (ހަންދު) ބުނިކަމަށާއި އޭރުއެހެން ސަރަންފީއެއްގައި ކޮއްކޮ އިސްމާޢީލް ރަޝީދު ހުސައިން އޮށޯވެލައިގެން އޮތްކަމަށާއި ހަންދު މިކަންކުރިވާހަކަ ބުނުމުން ހަންދުއަށް ނަސޭހަތްތެރިވެ އެކަހަލަ ކަންތައްކޮށްގެން ނުވާނެކަމަށް އިލްޔާސް ހުސައިން އިބްރާހީމް، އަހްމަދުރަޝީދު (ހަންދު) ގާތުގައި ބުނިކަމަށް ބުނެފައިވެއެވެ.
އަދި މީގެފަހުން ދުވަހެއްގައި އިލްޔާސް ހުސައިން އިބްރާހީމް ގޭގައިއުޅެނިކޮށް ހަންދު އައިސް ކޮނޑޭ ތުއްތުމަނިކުގެ އުނދަގޫބޮޑު ވެއްޖެއޭ މިއުޅެނީ ފުއްޕާހަމަކަށް ގޭސްއަޅައިގެން ކޮނޑޭތުއްތު މަނިކު ދުއްވާކާރު ގޮއްވާލަން ވެގެންނޭ މިހެންބުނި ކަމަށާއި މިހެންބުނުމުން ހަންދުއަށް ވަރަށް ނަސޭހަތްދީ އެއްވެސް މީހެއްގެ މުދަލަކަށް އެއްޗަކަށް ގެއްލުންދީ ހަދައިގެން ނުވާނެޔޭ މިހެން، އިލްޔާސް ހުސައިން އިބްރާހީމް ބުނިކަމަށް ވެސް ތަހުގީގުގައި ބުނެފައިވެއެވެ.
(މިއީ ކަނޑައެޅިގެން ދޮގެކެވެ. މިއީ މޯރާ ތައުފީގާއި ވ.ޅަހުއްތާއި މުހަންމަދު އިބްރާހީމް ވެގެން ތަހުގީގުކުރުމުގައި ރާވާލައިގެން އަޅުގަނޑުގެ ބޮލުގައާއި އަންނިގެ ބޮލުގައި ޓެރަރިޒަމްގެ އަމަލެއް އެނގިހުރެ ނާންގާކަމުގެ ކުށްއެޅުވުމުގެ ބޭނުމުގައި ހިންގި ތަހުގީގީ ހީލަތެކެވެ. މިއީ ތަހުގީގު ކުރުމުގައި މަކަރާއި ހީލަތްހެދުންކަން ކަށަވަރެވެ. އޮޅުވާލައިގެން މީހުންނަށް ނޭނގޭކަންތައް އެނގޭކަމަށް ހަދައިގެން މީހުންގެ ބޮލުގައި ބޮޑެތިޖަރީމާތައް އެޅުވުމަށް ހިންގާފައިވާ ކަޅުޖަރީމާއެކެވެ. ތަހުގީގީ ހީލަތެކެވެ. ޝަރީޢަތް އޮޅުވާލުމުގެ މަގްސަދުގައި ކޮށްފައިވާ ނުހައްގު އަމަލެކެވެ. އަޅުގަނޑާ މައްކޮއާ ވެސް އަދި ގޭގައި ހަންދުވެސް އަޅުގަނޑާ މިފަދަ އެއްވެސް ވާހަކައެއް އެބުނާ ދުވަސްވަރު ދައްކާފައި ނެތްކަން ކަށަވަރެވެ. އަޅުގަނޑަށް ހުވާކުރަން ކެރިދާނެއެވެ. މިއީ ތަހުގީގު ޓީމުން ރާވާލައިގެން ހަދާފައިވާ ހީލަތެކެވެ. ހިންގާފައިވާ ޖަރީމާއެކެވެ. ބަޔަކުރާވައިގެން ހިންގި ސިޔާސީ ކަންތައް ގަނޑެކެވެ.)
5- އިލްޔާސް ހުސައިން އިބްރާހީމް ޝަރީޢަތުގެ މަޖިލިސްގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ސަލްޓަންޕާކްގައި ހިނގިކަންތައް ތަކަކީ، ޓެރަރިޒަމް އަމަލެއްކަން އިލްޔާސް ހުސައިން އިބްރާހީމަށް އެނގިފައި ނުވާކަމަށާއި އަދި މިހާތަނަށް ވެސް މިކަހަލަ ގާނޫނެއް އޮތްކަމެއް ވެސް އެނގިފައި ނުވާކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ބުނާބުނުމަކީ މާބުރަދަނެއް ހުރި ވާހަކައެއް ކަމުގައި ބެލެވޭކަށް ނެތެވެ.
އެހެނީ ގާނޫނުނަމްބަރު: 90/10 (09.12.1990) ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ، 7 ވަނަމާއްދާގައި ނަންގަނެވިގެންވަނީ، “މިގާނޫނުފާސް ވުމުގެކުރިން ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން ޝަރީޢަތުން ނުނިމިހުރި ކަންތައްތަކަށް ވެސް މިގާނޫނު ހިންގޭނެއެވެ.” މިގޮތަށް އެގާނޫނުގައި ކަނޑައަޅުއްވާފައިވާ ކަމަށްޓަކައެވެ.
(ޝަރީޢަތުގައި އަޅުގަނޑު މިހެން ދެންނެވީ، ރައީސް މައުމޫނު މިގާނޫނު ހެއްދެވީ ވަކިބަޔަކު ބަންދުކޮށްފައި އޭގެތެރެއިން ވަކިބަޔަކުތާށިވާ ގޮތަށް ތަހުގީގީ ހީލަތްތަކާއި ޝަރުޢީ ހީލަތްތައް ބޭނުންކޮށްގެން ވަކިބަޔަކަށް ޓެރަރިސްޓު ހުކުމްތަކެއް އިއްވުމުގެ ޒާތީބޭނުމުގައި އެކުލަވާލެއްވި ކުއްލިގާނޫނަކަށް ވާތީއާއި އެގާނޫނުގައި ގާނޫނުގެ އިލްމާއި ސަމާވީ ދީންތަކުގެ ޝަރީޢަތްތަކާ މުޅިންޚިލާފަށް ވަކިމާއްދާއެއް ވަކިބައެއްގެ މައްޗަށް ހުކުމް އިއްވޭގޮތަށް ލައިގެން މަޖިލީހުން ފާސްކުރުވާފައި ގާނޫނަކަށް ވާތީއެވެ.
އެހެންވެ މިކަމަކީ ވަރަށް ޒާތީކަމެއްކަމަށް ޝަރީޢަތުގައި އަޅުގަނޑުވާނީ ތަކުރާރުކޮށް ދަންނަވާފައެވެ. އެހެނަސް އިއްޒަތްތެރި ގާޒީ، މިވާހަކަތަކަށް ރިޢާޔަތް ކުރައްވާފައެއް ނެތެވެ. އަޅުގަނޑުގެ ވާހަކައަކީ މިހާދިސާ ހިންގިއިރު، ޓެރަރިޒަމް މަނާކުރާ ގާނޫނެއް އޮތްކަމެއް އެނގިފައިނެތް ވާހަކައެވެ. އަލްއުސްތާޒު ޒާހިރުހުސައިންގެ ފަހުން، ބަންޑާރަ ނައިބަކަށް ފަހުމަރަހަލާއެއްގައި ޑޮކްޓަރ މުހަންމަދު މުނައްވަރު ވަޑައިގެން އެގާނޫނުން މިމާއްދާވަނީ މަޖިލީހަށް ފޮނުއްވައިގެން އުވާލައްވާފައެވެ. މިއިން ސާބިތުވަނީ އޭރުއެކަންތައް ރައީސް މައުމޫނު ކުރައްވާފައި އެވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި އޮތްޒާތީ ތައައްސުބެއްގެ ހަސަދައިގެ ބަދަލުހިފުމުގެ ބޭނުމުގައި ކަމަށެވެ. އަޅުގަނޑުގެ ޕޮއިންޓަކީ މިއެވެ. މިމާއްދާ އެގާނޫނުގައި ނެތްނަމަ މިއީ ބޭނުންތެރި ރަނގަޅު ގާނޫނެކެވެ. ވަކި ޚާއްސަ މަގްސަދެއް ނެތި ރާއްޖޭގެ އިސްލާހަށް އެޅުއްވި ފިޔަވަޅަކަށް ވާނެއެވެ.)
6- އަހްމަދުރަޝީދު (ހަންދު) ބޮމެއް ތައްޔާރުކުރާ ވާހަކަ އިލްޔާސް ހުސައިން އިބްރާހީމް ގާތުގައި ބުނެފައިވާ ކަމަށާއި، 2 ސެޕްޓެމްބަރ 1990 ވަނަދުވަހުގެރޭ ސަލްޓަންޕާކް ތެރޭގައި ގޮއްވާލި ފެޓްރޯލްބޮމަކީ، އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ، އަހްމަދުރަޝީދު (ހަންދު) ގޮއްވާލި ބޮމެއްކަމަށާއި އެކަން އިލްޔާސް ހުސައިން އިބްރާހީމްގެ އިއުތިރާފުން ޝަރީޢަތަށް ސާބިތުވެއެވެ.
(މިއީ ކަނޑައެޅިގެން ގޯސްވާހަކައެކެވެ. މުޅިން ދޮގެކެވެ. ޝަރީޢަތުގެ މަޖިލީހުގައި މިގޮތަށް އަޅުގަނޑު އިޢުތިރާފް ވެފައެއް ނުވާނެއެވެ. ބަޔާނުގައި އެހެރީ ބިރުދައްކައިގެން، ސިފައިން ލިޔުނު ވާހަކަތަކެވެ. މިކަންތައް މީގެކުރިން، އަޅުގަނޑަށް އެނގިފައި ނެތްކަމަށް ހުވާކުރަން ކެރިދާނެއެވެ.)
ހުކުމް:
ދެންހަފެ، އިސްވެދިޔަ ބަޔާންތަކަށާއި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ އަހްމަދު ރަޝީދު (ހަންދު) ބޮމެއްހަދަން އުޅޭވާހަކަ އިލްޔާސް ހުސައިން އިބްރާހީމްގެ ގާތުގައި ބުނެފައިވާ ކަމަށް، އިލްޔާސް ހުސައިން އިބްރާހީމް ބުނެ އިއުތިރާފް ވެފައިވުމާ، 2 ސެޕްޓެމްބަރ 1990 ވަނަ ދުވަހުގެރޭ ސަލްޓަންޕާކް ތެރޭގައި ޕެޓްރޯލްބޮމެއް ގޮއްވާލާފައި ވުމާއެކު، އެއީ އަހްމަދު ރަޝީދު (ހަންދު) ކަމެއްތޯ ސުވާލުކުރުމުން އަހްމަދުރަޝީދު (ހަންދު) ކުރިކަމެއްކަމަށް އިލްޔާސް ހުސައިން އިބްރާހީމް ގާތުގައިބުނިކަމަށް އިލްޔާސް ހުސައިން އިބްރާހީމްބުނެ އިއުތިރާފް ވެފައިވުމާ،
އަދި ފުއްޕާހަމަކަށް ގޭސްއަޅައިގެން ކޮނޑޭތުއްތު މަނިކު ދުއްވާކާރު ގޮއްވާލަންވެގެން އުޅޭކަމަށް އިލްޔާސް ހުސައިން އިބްރާހީމްގެ ކޮއްކޮ އަހްމަދު ރަޝީދު (ހަންދު) ބުނިކަމަށް އިލްޔާސް ހުސައިން އިބްރާހީމްބުނެ އިއުތިރާފް ވެފައި ވުމާއެކު، އިލްޔާސް ހުސައިން އިބްރާހީމްގެ އިއުތިރާފުން ޓެރަރިޒަމްގެ ކުށުގެ މައުލޫމާތުލިބި ސިއްރުކޮށްފައި ވާކަން އިލްޔާސް ހުސައިން އިބްރާހީމް، ޝަރީޢަތުގެ މަޖިލިސްގައާއި ތަހުގީގުގައި ވެފައިވާ އިއުތިރާފުން ޝަރީޢަތަށް ސާބިތުވީހިނދު ޓެރަރިޒަމްކުށުގެ މައުލޫމާތުލިބި ސިއްރުކުރުމުގެ ކުށުން،
އިލްޔާސް ހުސައިން އިބްރާހިމް ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި މިސާބިތުވި ކުށުގެ އުގޫބާތެއްގެ ގޮތުން، ގާނޫނުނަންބަރު: 90/10 ގެ 6 ވަބނަމާއްދާގެ (ށ) ގެދަށުން އިލްޔާސް ހުސައިން އިބްރާހީމް، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީއެވެ. މިގަޒިއްޔާބަލާއި ނިޔާކަނޑައެޅީ އަލްއުސްތާޒް އަބްދުލްޣަފޫރު އަހްމަދު، ޖަސްޓިސްގެ ޚާއްސަގާޒިއެވެ. މިހާތަނަށް މިބުރުގައި އަޅުގަނޑުގެ މައްޗަށް އިއްވަންހުރި ހުރިހާހުކުމެއް މިހާހިސާބުން އިއްވާ މިނިމުނީއެވެ.
10 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 262 ވަނަ ދުވަހެވެ. މިއަދަކީ، ހިޖްރީން، 1412 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ، 1 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ގައުމީދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. މެންދުރު ކާންދިނީ ކުކުޅެވެ. ޖަލުގައި މިއީ ވަރަށްމަދުންނޫނީ ނުލިބޭއެއްޗެކެވެ.
11 ސެޕްޓެމްބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 263 ވަނަދުވަހެވެ. މިއަދަކީ ވެސް ރަސްމީބަންދު ދުވަހެއްކަމަށް ޚަބަރުލިބުނެވެ. ވަކިމުނާސަބަތެއް ނޭނގުނެވެ. ގަވައިދުން، ނެރެމުންދާ ގޮތަށް މިއަދުވެސް މޫދަށް ނެރުނެވެ. އެހެން އިތުރުކަމެއް ނެތެވެ.
12 ސެޕްޓެމްބަރ 1991 ވީ ބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 264 ވަނަދުވަހެވެ. މިއަދު ވިންޓަރ ޝަރީފް ކޯޓަށް ގެންދިޔައެވެ. އަޅުގަނޑު ކޯޓަށް ހުކުމް އިއްވުމަށް، 9 ސެޕްޓެމްބަރ ގައި ގެންދިޔަ ދުވަހުވެސް ވިންޓަރ ޝަރީފް ކޯޓަށް ގެންދިޔަކަމަށް ވެއެވެ. އެދުވަހުއޭނާ ކޯޓަށް ގެންދިޔައީ، ކޯޓަށްދީފައިވާ ބަޔާނުގައި ސޮއިކުރުވާށެވެ. އެހެންވުމުން މިއަދުއޭނާއަށް އިއްވާނީ، ހުކުމްކަމަށް ބެލެވެއެވެ.
ފަހުން އެނގުނުގޮތުގައި ވިންޓަރޝަރީފަށް މިއަދު އިއްވިހުކުމަކީ، އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މަޝްހޫރު ކެސެޓްރޯލް ރެކޯޑްކުރުމުގެ ކުށާއި އެރޯލް މީސްމީހުންނަށްދީ ބަހާހެދުމުގެ މައްސަލައިގެ ހުކުމެވެ. އިއްވިހުކުމަކީ، 1 (އެކެއް) އަހަރުދުވަހަށް އަރުވާލުމަށެވެ. ދެން ވިންޓަރުގެ މައްޗަށް ބާކީއޮންނާނީ، ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލައިގެ މައުލޫމާތު އެނގިހުރެ ސިއްރުކުރިކަމުގެ ކުށުގެ މައްސަލައެވެ. މިދައުވާވެސް މިހާރު ވަނީ އުފުލިފައެވެ. އަދި މަޙްޟަރު ކުރެވިފައެވެ.
އާދެ! މިއަދުގެރޭ ނިދާފައިއޮއްވާ ފެންނަ ހުވަފެނަކީ، “މަރިޔަމް ކެތީރޯސް” އާއެކު މަޖާކޮށްލާއި ކާންގޮސް އުޅޭމަންޒަރެވެ. އަދި އޭނަޔާއެކު ޕާކިސްތާނަށް ގޮސް ޕާކިސްތާނުގައި އުޅޭތަނެވެ. އަދިރޭގަނޑު ކެއުމަކަށްގޮސް ކެއުމުގައި މަޖާކޮށް ހީސަމާސާކޮށް އުޅޭތަނެވެ. ފެނުނީ މުޅިންވެސް ޕާކިސްތާނުގައި އުޅޭތަނެވެ. މިއީ މަރީކޯގެ ގޭތެރެއާއި އޭނާގެ މަންމަމެއް ވަރަށް ހަނދާންކޮށްދިން ހުވަފެނެވެ. މުޅިދުވަހު މިހުވަފެން ހަދާނުގައި ހުއްޓެވެ. މިހުވަފެނުގެ ތައުބީރެއްކަމަށް އަޅުގަނޑުނެގީ، އެއާއިލާއިން އަޅުގަނޑު ހަދާންކޮށް އަޅުގަނޑަށް ހެޔޮއެދޭކަމަށެވެ. ކުޑަގޮޅީގައި ހުންނައިރު ފެންނަ ހެޔޮހުވަފެނަކީ ހިތްހަމަ ޖައްސައިދޭ ކަމެކެވެ. އަދި ހިތްވަރުލިބި ކުރިމަގު އުޖާލާކޮށްދޭ ކަމެކެވެ.
13 ސެޕްޓެމްބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 265 ވަނަދުވަހެވެ. މިހާރުޖަލު ބެލެހެއްޓުމަށް ހުންނަވާ ސަރުދާރު ފިރާގު ކައިރީގައި ރައީސުލް ޖުމްހޫރިއްޔާއަށް ސިޓީއެއް ލިޔަންބޭނުން ވާކަމަށާއި އެކަންތައް ހަމަޖައްސައި ދިނުމަށް މިއަދު އެދުނީމެވެ. ފިރާގު ސަރުދާރު މިކަން ހަމަޖައްސައި ދޭނެވާހަކަ ބުންޏެވެ. އަޅުގަނޑު މިސިޓީލިޔަން ގަސްދުކުރީ، ހުރިހާހުކުމްތަކެއް މިހާރުއިއްވާ ނިމިފައި ވުމާއެކު، ރައީސް މައުމޫނު އަރިހަށް އަދަބުލުއި ކޮށްދިނުމަށް އެދުމުގެ ބޭނުމުގައެވެ.
ރައީސް އަރިހަށް ސީދާ ރައީސް އަތްޕުޅަށް އަރާގޮތަށް ސިޓީއެއް ލިޔުމަކީ، ރަނގަޅުކަމެއް ކަމަށް ފެނިގެންނެވެ. އެއްގޮތަކަށް ވެސް ކޮށްދެއްވާނެ ކަމުގެ އުންމީދުގައެއް ނޫނެވެ. އަދި ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ހުކުރުނަމާދު ޖަމާޢަތުގައި ނުކުރެވިގެން އުޅޭމަންޒަރެވެ. ދެންފެންނަނީ ރާއްޖެތެރޭގެ ރަށެއްގައި އުޅެނިކޮށެވެ. މިހުވަފެނުގެ ތަޢުބީރު އަޅުގަނޑު ކުރިގޮތަކީ، ރައީސްއަރިހަށް ސިޓީއެއް ލިޔުނަސް އަދި މާއެދެވޭގޮތެއް ނުވާނެ ކަމަށެވެ.
އަދި ރާއްޖެތެރެއަށް އަޅުގަނޑުފަދަ ސިޔާސީމީހަކު އަރުވާލުމުގެ ގޮތުން ނުފޮނުވާނެ ކަމެވެ. ޢައްލާމާ އިބްނިޝީރީނުގެ “ތަޢުބީރުލްމަނާމް” މިފޮތަކީ އަޅުގަނޑު ކިޔާއި މުޠާލަޢާކޮށްފައިވާ ފޮތަކަށްވާތީ ޖަލުގައި ހުންނައިރު އެފޮތުގެ މަތިން ވަރަށް ހަދާންވެއެވެ. އަދި އެއްފަހަރު ކިޔާލަން ލިބޭނެ ނަމައޭ އަބަދުވެސް ހިތަށްއަރައެވެ. މިއަދަކީ، ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ، 4 ވަނަދުވަހެވެ.
14 ސެޕްޓެމްބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 266 ވަނަ ދުވަހެވެ. މިއަދު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމުގެ އަތްޕުޅަށް އެޑްރެސްކޮށް އަދަބުލުއިކޮށް ދެއްވުންއެދި ސިޓީއެއް ލިޔުނީމެވެ. ސިޓީލިޔެ ހަދާފައި ސަރުދާރު ފިރާގުއައި ހަވާލު ކުރުމުން ރައްދުކޮށް ދޭނެވާހަކަ ބުންޏެވެ. މިއަދު، 11:15 ގައި މިސިޓީ ސަރުދާރާ ހަވާލުކުރީމެވެ. ސިޓީގައި ޖުމްލަކޮށް ފާހަގަކޮށް ފައިވާނީ، އެއްބަސްވީ ދުވަހުން ފެށިގެން ހުކުމް އިއްވުމާހަމައަށް ޖަލުގައި މިހާގިނަދުވަސް ވެފައިވާތީ، އެދުވަސްތައް ހުކުމުތެރޭގައި ގުނޭގޮތަށް ހަމަޖައްސައި ދެއްވުމަށާއި ޖަލުގެ ހުކުމް ގޭބަންދަށް ބަދަލުކޮށް ދެއްވާތޯއާއި ވީހާއަވަހަށް މިހުކުމުން މައާފުދެއްވުން އެދިއެވެ.
އަރުވާލަ ދެއްވުން އެދި ނުލިޔުނީ އެކަން ނުކުރައްވާނެކަން ޔަގީންވެފައި ވާތީއެވެ. މިއަދުހެދުނު، 10 ން 11 އަށް ބޭރަށްނެރެ މޫދަށް ގެންދިޔައެވެ. އަދި ރޭގައި ހުވަފެނުން ފެންނަނީ، ބާރުސްޕީޑެއްގައި ދުއްވާފައިދިޔަ ރޭލެއްގައި އަޅުގަނޑު އިށީދެގެން އިންދާއަތުގައި އޮތްކޮތަޅެއް ރޭލުންބޭރަށް ވެއްޓުނީމާ، ރޭލު ހުއްޓުވައިގެން އެކޮތަޅު ނުނެގިގެން އުޅޭތަނެވެ. ކޮތަޅު ތެރޭގައިއޮތީ ގަމީހަކާއި މަދިރިދުންދަނޑި ޕެކެޓެވެ. ފަތިހުހޭލުމަށް ފަހު، ވަރަށް ގިނައިރުވަންދެން މިހުވަފެން ރީތިކޮށް ހަދާންހުއްޓެވެ.
މިހުވަފެނުގެ ތަޢުބީރެއްކަމަށް އަޅުގަނޑު ނިންމީ، ރައީސް މައުމޫނު އަރިހަށް ސިޓީލިޔުނަސް ޖަލުގައި އުޅުމަށް އަދި ދުވަސްތަކެއް ހޭދަކުރަން ޖެހޭނެކަމަށެވެ. އާގަމީހެއް ނުލެވޭނެކަމެވެ. ކުދި އުނދަގޫތައް ކުރިމަތީގައި ހުރިކަމެވެ. މަދިރިފަދަ ސޫފާސޫފީންގެ ނޮހޮރުއްޕާންތައް ކުރިޔަށް އޮންނާނެކަމެވެ. އަޅުގަނޑު އަވަހަށް ބާރަށް ދާންބޭނުންވިޔަސް ހުރަސްތަކެއް އަދިވެސް ކުރިޔަށް ދާންއޮތް މަގުގައި އެބަހުރިކަމެވެ. މިކަންކަމުން ސަލާމަތްތެރި ވާންޖެހޭނެއެވެ.
15 ސެޕްޓެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 268 ވަނަ ދުވަހެވެ. ޖަލުތެރޭގައި ފާހަގަކޮށްލެވޭ ކަމެއް ނުހިނގައެވެ. އާދައިގެ މަތިންގޮޅިގައި އޮތީއެވެ. ރޭގައި ފެންނަހުވަފެނަކީ މިއެވެ. އަޅުގަނޑު މެންގޭގައިހުރި އިބްރާހީމްފުޅު (ކަނދޮޅުދޫ އިބުރާހީމް ޒަކަރިއްޔާ މޫސާ) އައިސް އަޅުގަނޑާ ބައްދަލުކޮށް، އޭނާއަށް އަޅުގަނޑު މެންނާދޭތެރޭގައި ކަންތައްތައް ކުރެވިފައި ހުރިގޮތްކިޔައިދީ އެކަންތައްތަކާމެދު ދެރަވެގެން އުޅޭތަނެވެ. މަޢާފަށް އެދޭތަނެވެ.
ދެންފެންނަނީ، ބުރެވިމާގެއަށް މަންދޫހާ މެންގެއަށްގޮސް އުޅެނިކޮށް، އޭނާގެބައްޕަ ޒާހިރާ (ދިގުޒާހިރު) ބައްދަލުވެ، ޒާހިރުގެ ދަތުރެއް ޕާކިސްތާނަށް އޮތްވާހަކަ ކިޔައިދެއްވާ ތަނެވެ. މިވާހަކަތަކުގެ ތެރޭގައި ތިއްބާ އެގޭތެރެއިން އައިންތު (އައިމިނަތު އާރިފު) އައި ބައްދަލުވެ، ކުރީދުވަސް ތަކުގެ މަޖާވާހަކަ ދައްކާއި މަޖާކޮށް ހަދާތަނެވެ. އެގޭ ޖޯލިފަތި ވެސް ފެނުނެވެ. އައިންތުއަކީ، އައިންތު އެސްއީސީގައި ކިޔެވި ދުވަސްވަރުން ފެށިގެން އަޅުގަނޑުގެ ވަރަށްގާތް، އަދި އެކުވެރި ބައިވެރިއެކެވެ. އައިންތު ފެނުމުން ކުރީގެ ދުވަސްތައް އިއާދަވީމާ މުޅިދުވަހު އުޅެންޖެހުނީ އެހަނދާނުގެ ތެރޭގައެވެ. ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ.
17 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 269 ވަނަދުވަހެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަވީރުފެރީ ދޯނިން ގެއިންފޮނުވި ކާނާވަށިގަނޑެއް ލިބުނެވެ. މިއީ ގެއިން ދޮންދައްތަ ފޮނުވި ކާނާވަށިގަނޑެކެވެ. މިސާމާނާއެކު ހަވީރުނޫސް ބޮނޑިއެއްވެސް އޮތެވެ. ނޫސްބޮނޑީގައި، 21 އޯގަސްޓުން ފެށިގެން، 13 ސެޕްޓެމްބަރާ ހަމައަށް ހުއްޓެވެ. އަދި އެހަފްތާގެ ނިއުސްވީކަކާއި ޓައިމްމަޖައްލާއެއް ލިބުނެވެ. ކެއުމުގެ ބައެއްސާމާނާއި ނޫސްމަޖައްލާތައް ލިބުނީމާ ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ.
18 ސެޕްޓެމްބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 270 ވަނަދުވަހެވެ. ޖަލުގައި އެއްވެސް މުހިންމުކަމެއް ނުހިނގައެވެ. ގޮޅީގެއާދަތައް ކުރިޔަށް ގެންދިޔައިމެވެ. އޮޅުކުކުޅުތަކާއި ހާތަކަށް ކާންދިނުމާއި މިކަހަލަކަންތައް ކުރިޔަށް ގެންދެވުނެވެ. ގޮޅީގެ އާދަކާދާގައި ގިނަވަގުތު ހޭދަކުރަނީ މިކަހަލަ ކަންތަކުގައެވެ.
19 ސެޕްޓެމްބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 271 ވަނަދުވަހެވެ. އެއްވެސް އާކަމެއް ނުހިނގައެވެ. ކުކުޅުތަކާއި ހާތަކާއެކު މަޖާކުރުމާއި އެވެރިންނަށް ކާންދިނުން އޮތެވެ.
20 ސެޕްޓެމްބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 272 ވަނަދުވަހެވެ. ވަކިއާކަމެއް ނުހިނގައެވެ. ރޭގެނިދީގައި އަތަމާގެ އަބްދުލްލަތީފާއި ޝައިޚުނިޒާރުއާ ދެމީހުންނާއެކު މައްކާގެ މިނާގައި އުޅެނިކޮށް ފެނުނެވެ. ދެން ފެންނަނީ ބޭރުގައުމެއްގައި މާސިންގާބޮޑު ގެއެއްގައި އުޅޭތަނެވެ. އެގޭގައި ކުޑަސިއްކަވެސް އުޅުއްވައެވެ. ދެންފެންނަނީ އަޅުގަނޑު އެމީހުންނާވަކިވެ ނިދާނެތަނެއް ނުފެނިގެން އުޅޭތަނެވެ.
އެންމެފަހުން ކުނަލެއްގައި ބިންމަތީގައި ނިދާތަނެވެ. އަޅުގަނޑުގެ ނަޒަރުގައި މިހުވަފެނުގެ ތަޢުބީރަކީ، އަބްދުއްލަފީފާއެކު ހައްޖުދަތުރެއް ނުކުރެވި ގިނަދުވަސް ތަކެއްވެގެންދާނެ ކަމެވެ. ސިޔާސީ ބަންދުތަކެއް ވާންފެށުނީ އަބްދުއްލަތީފާ އެކު، 1976 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޖެހިޖެހިގެން ހައްޖުދަތުރުތަކެއް ކުރަމުން ގެންދަނިކޮށެވެ. ފުރަތަމަ ދިއްދޫއިބްރާހީމް ކަލޭފާނު (ޑީއައިކޭ) އަރިހުގައެވެ. ދެން އޭގެފަހުން އަތަމާ އަބްދުލްލަތީފާ އެކުގައެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުމެއް އޮތީކަމުގައި ވެސް ހިތަށް އެރިއެވެ.
21 ސެޕްޓެމްބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ. 273 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަބީޢުލް އައްވަލަމަހުގެ، 12 ވަނަ ދުވަހެވެ. މިއަދަކީ ސަރުކާރު ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އަދި މިއަދަކީ، ރަސޫލުﷲ ސައްލަﷲ އަލައި ވަސައްލަމަ ދުނިޔޭގެ އަލިކަން ދެކެވަޑައި ގެންނެވި ދުވަހެވެ. ސަރުދާރު ކައިރީގައި މާދަމާ ގެއަށް ސިޓީއެއް ލިޔަންބޭނުންވާ ވާހަކަބުނީމެވެ.
22 ސެޕްޓެމްބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 274 ވަނަދުވަހެވެ. މިއަދު، މިމަހު ގެއަށް ފޮނުވާސިޓީ ލިޔެގެއަށް ފޮނުވައި ދިނުންއެދި ސަރުދާރާ ހަވާލުކުރީމެވެ. މަހަކުއެއްފަހަރު ގެއަށް ސިޓީއެއް ލިޔެވޭގޮތަށް ހަމަޖެހިފައި އޮންނާތީ ކޮންމެމަހެއްގެ، 22 ވަނަދުވަހު ގެއަށް ސިޓީއެއް ލިޔަމެވެ. މިއީ ޖަލުންގެއަށްލިޔާ، 3 ވަނަ ސިޓީއެވެ. ފުރަތަމަސިޓީ ލިޔުނީ، ޖުލައި، 22 ގައެވެ. ދެވަނަ ސިޓީލިޔުނީ، 22 އޯގަސްޓް ގައެވެ. ގެއަށް ޖަލުންފޮނުވާ، 3 ވަނަސިޓީ މިފޮނުވަނީ މިއަދެވެ.
އަދި ރޭހުވަފެނުން ފެންނަނީ، ވަރަށް ވަރުގަދައަށް ތައްޔާރުވެގެން ކިޔޮޅުކަމު ދާންވެގެން ވެގެންއުޅޭ މަންޒަރެވެ. އަދި އަޅުގަނޑުގެ ފަހަތުން ސިއްރުސިފައިން ފާރަލަމުގައި ހަރަކާތްތެރި ވަމުންދާ ތަނެވެ. ދެން މިއާވިއްދައިގެން ފެންނަނީ، އަރައިގެންހުރި އެއްޓެނިހުގެ ނާޑުވާގަނޑު ގެއްލިގެންއުޅޭ ތަނެވެ. މިއީ އަޖައިބެއްފަދަ ހުވަފެން ތަކެކެވެ. މިޒާތުގެ ހުވަފެންތަކުގެ ތަޢުބީރެއްގެ ގޮތުން އަޅުގަނޑު އިބްރަތް ލިބިގަންނަނީ، އަދިވެސް އަޅުގަނޑު މިހިރީ ސަރުކާރުގެ ފާރަލުމުގެ ދަށުގައި ކަމަށާއި ކުރިޔަށް ވެސް ސަރުކާރުގެ ނުރައްކާތައް ފުލުފުލުގައި ކުރިމަތިވާން ތައްޔާރަށް ރޭވިފައި އެބަހުރިކަމެވެ.
23 ސެޕްޓެމްބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 275 ވަނަ ދުވަހެވެ. މިއަދުވެސް އާދައިގެ މަތިން ކަސްރަތަށާއި މޫދަށް ގެންދިޔައެވެ. އަދި މިއަދު ހަންދު މާލެގެންގޮސް އޭނާގެ އަންހެނުންނާ ބައްދަލުކުރުވިއެވެ. މިކަންހިނގީ މާލޭގައެވެ. ބައްދަލުވުން ނިމުމުން ހަނދު ދޫނިދޫއަށް ގެނައީއެވެ.
24 ސެޕްޓެމްބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 276 ވަނަ ދުވަހެވެ. މިއަދު މާލެ ގެންދިޔައެވެ. ދޮންދައްތަ އެދިގެން ދޮންދައްތައާ ބައްދަލު ކުރުމަށެވެ. މިކަން ހިންގީ މާލޭގައި ސިފައިންގޭގެ ތެރޭގައެވެ. މެންދުރު، 12 ޖެހިއިރުއެވެ. ފުދޭވަރަކަށް ދިގުކޮށް، ގިނައިރު ވާހަކަދެކެވުނެވެ. އެއްވެސް ހުރަހެއް ނެތެވެ. ގޭތެރޭގައި އާންމުކޮށް ހުރިހާކަމެއް ވެސް ރަނގަޅުކަމަށާއި މާމަގެ ހާލުވެސް ރަނގަޅުވަމުން އަންނަކަމަށް ދޮންދައްތަ ބުންޏެވެ.
އެމީހުންގެ ގެކަމުގައިވާ މައްޗަންގޯޅި ޔުރިކާ ފަސްބުރިއަށް އަޅަންފެށި ވާހަކައާއި އިފްހާމް ކޮއްކޮ އެންޓްރަންސް ޓެސްޓުން ފާސްވި ކަމަށާއި ވިދާދުގެ، 15 ފުރޭއުފަން ދުވަހުގެޕާޓީ ޖަވާހިރުވާދީގައި ބޭއްވުމަށް ޑިފެންސުން ހުއްދަދެއްވި ވާހަކަ، ދޮންދައްތަ ބުންޏެވެ. ޖަވާހިރުވާދީގައި ހުންނަ، ދޮންދައްތަމެންގެ ފޯންލައިންތައް ވެސް ހުއްދަލިބިގެން ގުޅައިދީފިކަމަށް ބުންޏެވެ. އަދި އެމީހުން ޗުއްޓީއަކަށާއި ޖެފްގެބައްޔަށް ފަރުވާއެއް ހޯދުމަށް ޑޮކްޓަރަކަށް ދައްކާލަންޖެހޭތީ ބޭރަށްދާން އުޅޭވާހަކަ ބުންޏެވެ.
އަދި މިހާރުވަނީ ކޮންމެމަހެއްގެ، 1 ވަނަ ދުވަހާ، 15 ވަނަ ދުވަހުގެއިން ކާނާވަށިގަނޑެއް ޖަލަށް ފޮނުވޭގޮތަށް ހަމަޖެހިފައިކަމަށް ދޮންދައްތަ ބުންޏެވެ. މިހުއްދަދެއްވީ ސިޓީއަކުން އެކަމަށްއެދި ހުށަހެޅުމުން ކަމުގައި ދޮންދައްތަ ބުންޏެވެ. އަދި އަޅުގަނޑުމެން ޖަލުގައި ތިބި، 3 މީހުންގެ ކަންތަކުގައި އަބަދުވެސް މިނިސްޓްރީ އޮފް ޑިފެންސަށާއި ޕްރިސަންސަށް ސިޓީލިޔެ އަބަދުހެން ގޮސްއުޅެން ޖެހޭވާހަކަ ބުންޏެވެ. އަދި ގޭގެ ހުރިހާކަމެއް ވެސް ބަލަހައްޓަނީ ދޮންދައްތަކަމަށާއި ގަރާޖް ބަލަހައްޓައިދެނީ ޖަވާހިރުވިލާ ޚޫރުޝީދު އިސްމާޢީލް (ހޫއްޓޭ) ކަމަށް ދޮންދައްތަ ބުނެދިނެވެ.
މިބައްދަލުވުން ނިމުމުން އެނބުރި ދޫނިދޫއަށް އަޅުގަނޑު ގެނައީ ކުޑަވޭލަރެއް ގައެވެ. އަޅުގަނޑާއެކު މާލެ ގެންގޮސް އަދި ދޫނިދޫއަށް މާލެތެރޭގައި އަލިފާންޖެހަނިކޮށް ހިފާހައްޔަރުކުރި ބ.އޭދަފުށީ ނާސިރާއި މ.މާކޮޅު ވިސާމް ވެސް މާލެގެންގޮސް ގެނައެވެ. އަޅުގަނޑުމެން ތިންމީހުންނަށް މެންދުރުކެއުން ކާންދިނީ ސިފައިންގެ އިންނެވެ. މިދެމީހުންނަކީ މާލެ ތެރޭގައި ހިންގިއަލިފާނުގެ ނުރައްކާތެރި ހުޅުޖެހުމުގެ ހާދިސާތައް މާލެތެރޭގައި، ބިންބިފޯސް މެދުވެރި ވެގެން އަމަލީގޮތުން ހިނގި ދެމީހުންނެވެ.
މިކަމާބެހޭ ވަރަށް ގިނަވާހަކަތައް މިދެމީހުން އަޅުގަނޑަށް މިދަތުރުގައި ކިޔައިދިނެވެ. އަލިފާނުގެ ހާދިސާއާއި އަޅުގަނޑުމެންގެ އިސްލާހީ ހަރަކާތާ ވަރަށް ބޮޑަށް ގުޅުވާލުމަށް ކޮށްފައިހުރި މަސައްކަތް މިދެމީހުންގެ ފަރާތުން އަޅުގަނޑު މެންނަށް ސާފުވިއެވެ. މިވާހަކަތައްވާނީ، ޖަލުގެޔައުމިއްޔާ ތަކުގައި އާންމުކުރުމުގެ ކުރިން އަޅުގަނޑުލިޔުނު އެކިއެކި މަޒްމޫނުތަކުގައި ވަރަށް ތަފްސީލުކޮށް ގެނެސްހާމަކޮށް ފައެވެ. އަޅުގަނޑުގެ ސައިޓުގައިހުރި މަޒްމޫނުތަކުގައި މިވާހަކަތައް ލިޔެފައިވާނެއެވެ.
އެވާހަކަތައް ބައްލަވާ ލައްވާށެވެ. ޑޮކްޓަރ ވަހީދުގެ ބޮލުގައި މާލޭގެ ހުޅުޖެހުން އެޅުވުމަށް ރާވައިގެން މަސައްކަތްތަކެއް ބިންބިފޯހުން ކުރިކަން މިދެބޭފުޅުންގެ ފަރާތުން އަޅުގަނޑުމެންނަށް ކިޔައިދީފައި ވެއެވެ. ޑޮކްޓަރ ވަހީދު މިކަމުގެ ތުހުމަތުގައި ތާށިކޮށް ލުމަށް ހަދާނެގޮތްތައް މިދެކުދިންނަށް ބިންބިފޯހުން ކިޔައިދީފައި ވެއެވެ. ސަރުދާރު ފިރާގުކައިރީގައި މާދަމާ މިނިސްޓްރި އޮފް ޑިފެންސަށް ސިޓީއެއް ލިޔަންބޭނުންވާ ވާހަކަބުނީމެވެ. އެހުއްދަ މާދަމާ ދޭނަމޭ ފިރާގު ވުނުއްވިއެވެ.
25 ސެޕްޓެމްބަރ 1990 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 277 ވަނަ ދުވަހެވެ. މިއަދު ސައިބޮއިގެން ކުރިކަމަކީ، މިނިސްޓްރީ އޮފް ޑިފެންސަށް ސިޓީއެއް ލިޔުމެވެ. މިސިޓީގައި އެދިފައިވާނީ، ޑިފެންސް މެދުވެރިކޮށް އަޅުގަނޑުގެ ޝަރީޢަތްތައް ނިމުނުގޮތުގެ ރިޕޯޓް އަޅުގަނޑުގެ ދައްތަ އިލްހާމް ހުސައިނާ ހަވާލުކޮށް ދެއްވުންއެދި، ކޯޓްނަމްބަރު: 6 އަށް ފޮނުވި ސިޓީއަކާއި އެސިޓީ ކޯޓްނަމްބަރު: 6 އަށް ފޮނުވައި ދިނުންއެދި ޑިފެންސަށް ފޮނުވިސިޓީއެކެވެ. ޑިފެންސް ސިޓީގައި ލިޔެފައިވާނީ، ކޯޓަށްލިޔުނު ސިޓީ، ކޯޓަށް ފޮނުވުމަށްޓަކާ ދޮންދައްތަ (އިލްހާމް ހުސައިން) އަށް ރައްދުކޮށް ދެއްވުންއެދިއެވެ.
26 ސެޕްޓެމްބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 278 ވަނަ ދުވަހެވެ. އާދައިގެ މަތިން މޫދަށާއި ކަސްރަތަށް ނެރުނެވެ. މިއަދު، އަންނި ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންގޮސް، ހަވީރު ދޫނިދޫއަށް ގެނައެވެ. އަންނިގެ ފަރާތުން، ސިފައިންގެއިން ބަލަހައްޓާ މޭނާޖަލުގައި މިއަދު އިބުރޭ (އިބްރާހީމް ރަޝީދު) އާއި އަލީ (އަލީރަޝީދު) ބައިތިއްބާފައި ތިބިކަން އެނގުނެވެ. އަންނިއާއި އެދެމީހުންނާ އެޖަލުން މެންދުރު ކެއުމުގައި ދިމާވީއެވެ. މިދެމީހުން ގެއިންޖަލަށް ގެނައީ، ޖަވާހިރުވާދީގައި ވިދާދުވަހީދުގެ، 15 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ޕާޓީ ބާއްވާތީ ކަމުގައި އަންނި ބުނެދިނެވެ.
އަދި މާލޭގެ މުހިންމު ޚަބަރުތައް އަންނި ގެނެސްދިނެވެ. ދޫނިދޫ ޖަލުގައި އުޅޭތާ ގިނަދުވަސް ވެފައިވާތީ މިހާރު އެއްގޮޅިން އަނެއްގޮޅިއާ ރީތިކޮށް ވާހަކަދައްކާލާއި މެސެޖްފަދަ ތަކެތި ޕާސްކޮށް ހެދުމަކީ އެއްވެސް އުނދަގޫ ކަމެއްނޫނެވެ. މާބޮޑުއަޅާލުމެއް ވެސް ނޯވެއެވެ. ވަރަށް ރަނގަޅަށް ބޭނުންކަމެއްކޮށް އުޅެވެއެވެ. އާންމުކޮށް ގެއިންގެނެސްގެން އަންނި މުޠާލަޢާކުރަން ގެންގުޅޭ ރާއްޖެއާބެހޭ ތާރީޚީފޮތްތައް އަޅުގަނޑަށް ގެނެސްދީ އެފޮތްކިޔާ ނިންމުމަށް އަންނި އަންގައެވެ.
އަންނިއަށް އަރަބިބަހުން އޮތްފޮރެއް ދިވެހިން ތަރުޖަމާކޮށް ދިނުން:
އެއްފޮތް ނިމޭއިރަށް އަނެއްފޮތް ގެނެސްދީފައި އެއްކޮށް ކިޔުމަށް އަންނި އަޅުގަނޑަށް އަންގާނެއެވެ. ރާއްޖޭގެ ތާރީޚުއެނގެންފެށީ އެފޮތްތަކުންނެވެ. ފޮތްތައް ބަދަލުކުރުމާއި މިކަހަލަކަންތައް ކޮށްއުޅެނީ ގާޑުންފެންނަން ނުތިބޭވަގުތު އަމިއްލައަށެވެ. ބައެއްރައްޓެހި ގާޑުންމިފަދަ ކަންތަކާ އެއްގޮތަކަށް ވެސް އަޅައެއްނުލައެވެ. އަންނި އެދިގެން އަޅުގަނޑު ޖަލުގައިހުރިއިރު އަންނިއަށް ކޮށްދިން އެންމެބޮޑު މަސައްކަތަކީ، ޢަރަބި ބަހުން ހަސަންތާޖުއްދީނު ލިޔުއްވާފައިފާ ދިވެހިތާރީޚުފޮތް އަޅުގަނޑު ދިވެހިބަހަށް ކުޑަގޮޅީގައި އިނދެބަދަލުކޮށް ދިނުމެވެ.
ބަލައިލާނެ އެއްވެސް ޑިކްޝެނެރީއެއްނެތި މިމަސައްކަތްކުރީ އަޅުގަނޑުގެ ސިކުނޑީގައި ޖަމާވެފައި ހުރިޢިލްމުންނެވެ. ތަރުޖަމާކުރެވޭ ވަރަކުން އަޅުގަނޑު ގެންދިޔައީ އެސަފްހާއެއް އަންނި ކިޔާލުމަށް ދެމުންނެވެ. އަންނި ބެއްލެވުމަށް ފަހު އަނެއްކާވެސް އަޅުގަނޑު އަތަށް ލިބުމުން މުޅިބާބު އެކުގައި ނިންމާއި ދެތިންފަހަރު ކިޔާބެލުމަށް ފަހު، މުޅިން ނިންމާފައި އަންނިއަށް ރައްދުކޮށް ދެނީއެވެ.
ދެން މިވާހަކަތައް އޭނާޖަލުގައި އިންނަވައިގެން ލިޔުއްވާ ތާރީޚީ ފޮތްތަކުގައި ބޭނުން ހިއްޕަވަމުން ގެންދަވަނީއެވެ. އަންނި ލިޔުއްވި “ދަގަނޑުދަހަނާ” ގައި މިވާހަކަ ގެންނަވާފައި ވާކަން ފާހަގަކޮށް އެމަނިކުފާނަށް ހިތުގެއަޑިން ޝުކުރުދަންނަ ވަމެވެ. މިއީ ގިނަމީހުން ކުރާކަމެއް ނޫނެވެ. އަބަދުވެސް އަންނި ވިދާޅުވާނެއެވެ. މިކޮށްދެއްވި މަސައްކަތުގެ ބަދަލު އިލްޔާސަށް ދޭނެގޮތެއް ތިމަންނާއަކަށް ނޭނގެއެވެ.
މިހެންއުޅެފައި އަޅުގަނޑު މީހަކާއިންރޭ ވަރަށް ވަރުގަދަ ހަދިޔާއެއް އަންނި އަޅުގަނޑަށް ފޮނުއްވިކަން މިފުރުސަތުގައި އަޅުގަނޑު ފާހަގަކޮށް ޝުކުރު ދަންނަވާހިތް ވެއެވެ. އަޅުގަނޑާ ތިމާގެ ބޭފުޅެއް ކަމުގައިވާ ޔާގޫތުގޭ ލައިލާއަލީއާ އެކު، އެރޭ އަޅުގަނޑުގެ ކައިވެނީގެ އުފަލުގައި ބޭއްވުނު ހަފްލާގައި އެދެބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ. ޖަލުގެކުޑަގޮޅީގައި އަޅުގަނޑުމެން ތިބީ ދިވެހިގައުމުގެ އިސްލާހީ ހަރަކާތުގެ އިސްމީހުންގެ ގޮތުގައެވެ.
އަޅުގަނޑު މެންނަށް މިފަދަހިތްވަރެއް ލިބުނީ، ޑޮކްޓަރ ވަހީދުމެން ބޭރުގައި ތިއްބަވައިގެން ކުރެއްވި މަސައްކަތުންނެވެ. އަޅުގަނޑުމެން އެންމެންގެ ފިކުރާއި ވިސްނުން އަބަދުވެސް ހުންނަނީ ދިވެހިގައުމުގެ ކުރިމަގަށް އަމާޒުކޮށެވެ. އެންމެންގެ ވެސް ހުންނަނީ އެއްވިސްނުމެކެވެ. އަޅުގަނޑުމެންގެ މެދުގައިއޮތް އެކުވެރިކަމަކީ ވަރަށްވަރުގަދަ އެކުވެރި ކަމެކެވެ. މުޅިއުމުރަށް ވެސް ދެމިގެންދާނެ ގަދަފަދަ ސިޔާސީ ގުޅުމެއްކަން ކަށަވަރެވެ. ސިޔާސި ގުޅުމަކީ ވަކި ހަމަތަކަކުން ބަދަހިވާ ގުޅުމެކެވެ. އެހެނަސް އެކަން ގެއްލޭ ހިނދު އެކަން ނެތިދާނެތެވެ.
27 ސެޕްޓެމްބަރ 1991 ވީހުކުރި ދުވަސް، ޖަލުގައި ހުންނަތާ، 279 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ޖަލުގެ އާދަކާދައިގެ މަތިން ދިޔަދުވަހެކެވެ.
28 ސެޕްޓެމްބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 280 ވަނަ ދުވަހެވެ. އާދައިގެ މަތިންމޫދަށާއި ކަސްރަތަށް ނެރުނެވެ. އެހެންޚާއްސަ ކަމެއްނެތެވެ.
29 ސެޕްޓެމްބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 281 ވަނަ ދުވަހެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.
30 ސެޕްޓެމަބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 282 ވަނަ ދުވަހެވެ. މިއަދު ވިންޓަރ ޝަރީފް ކޯޓަށް ގެންދިޔައެވެ. ސަލްޓަންޕާކް ބޮމުގެ މައްސަލައިގެ ހުކުމް އިއްވާށެވެ. ވިންޓަރގެ މައްޗަށް ނިޔާކަނޑައެޅީ ވެސް، 3 (ތިނެއް) އަހަރަދުވަހަށް ޖަލަށްލުމަށެވެ. އަދި ދޮގުހަދާއި ތަހުގީގަށް އޮޅުވާލުމުގެ ކުށުގައި އެއްއަހަރު ދުވަހަށް އަރުވާލުމަށް ހުކުމެއް އިއްވިއެވެ.
1 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 283 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާފެންނަ ހުވަފެނަކީ، ރާއްޖެތެރޭގެ ރަށަކަށްގޮސް އުޅެނިކޮށެވެ. ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކާއި ސަރަނގު އާދަމްމަނިކާ އެކުގައެވެ. އެރަށުގެ ބައެއް އިސްމީހުންނާ ބައްދަލުކުރާ މަންޒަރެވެ. މާލެތެރޭގައި ބިންބިފޯހުގެ އިރުޝާދު ލިބިގެން އަލިފާނުގެ ހާދިސާތައް މާލެތެރޭގައި ހިންގި، ނާސިރު މިއަދު މާލެ ގެންދިޔައެވެ.
ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ވާހަކައާއި މާލެތެރޭގައި ބިންބިފޯސް މެދުވެރިވެގެން ހިންގި މާލެ ބޮޑުހުޅުޖެހުމުގެ ހާދިސާގެވާހަކަ:
އާދެ! މިއަދު މާލެގެންދިޔަ ނާސިރު، ދޫނިދޫއަށް އަނބުރާ ގެނައުމުން، އޭނާގެ އަނެއް ބައިވެރިޔާ ވިސާމަށް ގޮވާފައި މިއަދު މާލޭގައި ސިފައިންހިންގި ކަންތައް ކިޔައިދިނެވެ. އެވާހަކަތަކުގައި އަޅުގަނޑު ބައިވެރިވީމެވެ. އަދި އެވާހަކަތައް އެކަކުއަނެކަކަށް ސާފުކޮށް އިވުނެވެ. ސިފައިން ނާސިރާކުރި ސުވާލުތައް، ނާސިރު ވިސާމަށް ކިޔައިދިނެވެ. ނާސިރު ބުނަނީ، ނާސިރާ ސުވާލުކުރީ، އަޒީ ކޯޓަށް ގެންދިއުމުންނާއި ތަހުގީގުގައި މިގޮތަށް ބުނެފައި ވާތީއެވެ.
އަޒީ ބުނަނީމިގޮތަށެވެ. “ނާސިރާއި ވިސާމު މާލެތެރޭގައި އަލިފާން ރޯކުރުމުގެ ހުރިހާކަމެއްކުރީ، އައްބާސް ބުނެގެންނެވެ.” ނާސިރު މިގޮތަށް އަޒީކައިރީގައި ބުނެފައިވާ ކަމަށެވެ. މިއަދު ނާސިރު ކައިރީގައި މިސުވާލުކޮށް، މިއީތެދެއްތޯ ސިފައިން ސުވާލުކުމުން އެވާހަކައަކީ އެއްގޮތަކަށް ވެސް ނާސިރު ނުބުނާ ވާހަކައެއްކަމަށް މިއަދު މިއައީ ސިފައިންނަށް ބަޔާނެއް ދީފައި ކަމަށް ބުންޏެވެ.
މިވާހަކަތަކުގެ ޚުލާޞާއަކީ، މާލެތެރޭގައި ނާސިރާއި ވިސާމާވެގެން ރޯކުރިހުރިހާ ތަންތަނެއް ރޯކޮށް ހުޅުޖެހީ، އެންދެރިމާގޭ އައްބާސް، އެމީހުން ކައިރީގައި ބުނެގެންނެވެ. އަދި ނާސިރު މިވާހަ އަޒީއަށް ކިޔައިދީފައިވާ ކަމަށް އަޒީފާޅުގައި އެބަބުނެއެވެ. މިއަޒީއަކީ، ނާސިރާއި ވިސާމާއެކު އަލިފާނުގެ މައްސަލާގައި ބަންދުކުރެވުނު، ބ.އަތޮޅު މީހެކެވެ. މިވާހަކަ އަޒީވަނީ، އަޅުގަނޑާއި އަންނިއާއި ބޮޑުސައްޕެއަށް ވެސް ކުޑަގޮޅީގައި ތިބިއިރު، އެދުވަސްވަރު ކިޔައިދީފައެވެ.
ނާސިރު، އަޒީކައިރީގައި ބުނެފައިވަނީ، “އެންދެރިމާގެ އައްބާސް ވިދާޅުވެގެން ހުރިހާ ތަންތަނެއް ރޯކޮށް އަންދާލީ އަހަރުމެން.” މިހެންނެވެ. ނާސިރު ވިސާމް ކައިރީގައި ބުނަނީ، ސިފައިންގެ އެދުމުގެމަތިން، ނާސިރު މިއަދު ބަޔާންދިނީ، މިގޮތަށް މިވާހަކަ އަޒީކައިރީގައި ނާސިރު ނުބުނާކަމަށެވެ. ވީމާ ވިސާމު ވެސް ވަރަށް އަވަހަށް ގެންދާނެއެވެ. ވިސާމު ވެސް ބަޔާންދޭންވާނީ، އަހަރެން އަޒީކައިރީގައި މިކަހަލަ ވާހަކައެއް ބުނިއަޑު އެއްގޮތަކަށް ވެސް ނާހާކަމަށެވެ.
އަދި ވިސާމާ، އެންދެރިމާގޭ އައްބާހާ އެއްވެސް ގުޅުމެއް މިކަމުގައި ނުވާކަމަށް ބުނާށެވެ. ސިފައިންވެސް އެދުނީ މިގޮތަށް ބުނާށެވެ. އެންދެރިމާގޭ އައްބާހުގެ އަތެއްމިކަމުގައި ވާކަމަށް މިތަހުގީގު ތެރޭކައި ދެކެވުނީ، ބިންބިފޯހާއި އައްބާހާ އަދި މާފަންނު އަސުރުމާގޭ މީހަކު މެދުވެރިކޮށް ނާސިރާއި ވިސާމާ، މިކަމުގައި ވާހަކަތަކެއް ދެކެވި ގުޅުންތަކެއް ސީދާކޮށާއި ނުސީދާކޮށް ހިނގާފައި ވާތީއެވެ. ތަހުގީގުތެރޭގައި މިވާހަކަތައް ތަފްސީލުކޮށް އަޅުގަނޑުމެން ދެއްކީމެވެ.
މިވާހަކަތަކެއް ފުރަތަމަފަޅާއެރީ އަޒީގެ ފަރާތުންނެވެ. އަޒީއަކީ ޖަލަށްލީމައި ބިރުންގޮސް ހުރިހާ ވާހަކައެއް ތެދަށް ކިއައިދޭ މީހެކެވެ. އެހެނަސް މިވާހަކަތަކުން ކިޔައި ދެވުނު ހުރިހާ ވާހަކަތަކެއް ނުލިޔެ ބަޔާންތަކުގައި ލިޔަމުން ގެންދިޔައީ، ސިފައިން ބޭނުންވި ހުރިހާ ވާހަކަތަކެއް އެކަންޏެވެ. އެކިދުވަހު މަތިން މިމީހުން ސިފައިންގެއަށް ގެންގޮސް ބަޔާންތައް އެއްގޮތްކޮށް ނިންމާލީއެވެ. އެންދެރިމާގެ އައްބާސް އިނުރާހީމްގެ އެއްވެސް ވާހަކައެއް ބަޔާންތަކުގައި ނުލިޔެއެވެ.
އަޅުގަނޑުމެން އިސްލާހީ ހަރަކާތުގެ މީހުންނަށް މިވާހަކަތައް ކުޑަގޮޅީގައި ތިބިއިރުލިބުނީ، އަޒީއާއި ނާސިރާއި ވިސާމު މިތިންމީހުންގެ ފަރާތުންނެވެ. މިއީ ވަރަށްބޮޑު ރޭވުމަކާއި ތާރީޚީ ކަންތަކެއް ފަހަތުގައި އެކުލެވިފައިވާ ސިޔާސީ ކަންތައްގަނޑެކެވެ. ކުރީދުވަސްވަރު ކަކާގޭ އާއިލީޕާޓީން ދެކޮޅަށް މާލެތެރޭގައި އަތިރީގޭ އާއިލީޕާޓީން ޖެހިފަދަ ސިޔާސީ ބޮޑުހުޅު ޖެހުމެކެވެ.
އަޅުގަނޑު އެދުވަސްވަރު ލިޔުނު ބައެއް މަޒުމޫނުތަކުގައި މިކަމަށް އަލިއަޅުވާލާފައި ހުންނާނެއެވެ. އެމަޒްމޫނުތައް އަޅުގަނޑުގެ ސައިޓްގައި ފެންނަގޮތަށް މަތިކުރެވިފައި ހުންނާނެއެވެ. ނާސިރާއި ވިސާމު، މާލެތެރޭގައި އަލިފާންރޯކުރަން އުޅެނިކޮށް އަތުލައި ގަނެވުނީ، އަޅުގަނޑުމެން ޖަލުގައި ބަންދުކުރި ފަހުންނެވެ. މިމީހުން އަތުނުޖެހޭއިރު މިހުރިހާކަމެއް މާލެތެރޭގައި ހިންގިބަޔަކީ އަޅުގަނޑުމެން ކަމުގައި ހަދާ ބަޔާންތައްވަނީ ސިފައިންނަގާ ހަދާފައެވެ. އަދި އެބަޔާންތައް ވަނީ އާންމުކޮށް ހަދާފައެވެ. ސީދާ ރައީސް މައުމޫނުގެ ރޭވުމުންނެވެ.
އޭގެތެރެއިން ބައެއް ބަޔާންތައް ރާއްޖޭގެ ރަސްމީ ޓީވީއާއި ރޭޑިޔޯއިން ކިޔާވެސް ހެދިއެވެ. ބޭނުމަކީ އެކަންތައް އަޅުގަނޑުމެންފަދަ، ސިޔާސީމީހުންގެ ބޮލުގައި އަޅުވައި ޓެރަރިސްޓުންނަށް ހަދާލުމެވެ. އެހެނަސް، ﷲގެ އިރާދަފުޅުން މާލެތެރޭގައި އަލިފާންރޯކޮށް ހެދި މީހުން އެކަންކުރަނިކޮށް ތެތްއަތައި ހިފުމުން އަޅުގަނޑުމެންގެ ބޮލުގައި އެކަންތައް އަޅުވާ، ހުކުމް ކުރެވޭގޮތް ނުވީއެވެ.
ނާސިރާއި ވިސާމް މިކަމުގައިބެދި އެމީހުންތެދު ހެދުމުގެ ސަބަބުން، ޖަލުގައި އެމީހުން ތިބިގޮޅިއަށް، ބިންބިފޯހުގެ އިސް އޮފިސަރަކަށް އުޅުނު، ވާދޫ ޑީޑީއޭ ކިޔުނުމީހަކު، އާދަންޒާހިރު ލައްވާ ޖަލަށް ގެނެސް ގޮޅިއަށް ވައްދައިގެން މިކަންތައްގަނޑު އަޅުގަނޑުމެންނާ ގުޅުވައި ޑޮކްޓަރ ވަހީދުގެ އިރުޝާދު ލިބިގެން އެމީހުން ހިންގިކަމެއްކަމަށް ހެދުމަށް، ނާސިރާއި ވިސާމަށް މިޑީޑީއޭ ކިޔާ މީހާ ޖަލުގައި އެމީހުންތިބި ގޮޅީގައި ހުރެގެން ބުއްދިލައިދީ ރާވައި ދިނެވެ.
އެހެނަސް މިދެމީހުންގެ ތެރެއިން ޚާއްސަކޮށް، ވިސާމްހުރީ ޖަލަށްލުމުން ވަރަށްދެރަވެ ދީންވެރިކަން ސިކުޑިއަށް ވަދެފައި ކަމުން، އެއްގޮތަކަށް ވެސް ދޮގުހަދާކަށް ނުކެރުވެ. އަދި ދޮގުހަދާކަށް ބޭނުމެއްވެސް ނުވީއެވެ. ބިންބިފޯހުން ސިފައިންގެ އެހީގައި ރޭވިރޭވުން ފެއިލްވެގެން ދިޔައީ މިކަމާހެދިއެވެ. މިގޮތުގެ މަތީންނެވެ. ވިސާމު ދޮގުނުހަދައި ގެންނެވެ. ބިންބިފޯހުގެ އެޖެންޓު ވާދޫޑީޑީ އެދުނުގޮތަށް ބަޔާން ނުދީގެންނެވެ.
ވާދޫޑީޑީ ރާވައި ދިންގޮތަށް ވިސާމަށް ދޮގުހަދަން ނުކެރުނީއެވެ. ބިންބިފޯހުގައި އިސްކޮށް އުޅުނު މިދެންނެވި ވާދޫޑީޑީ، ނާސިރާއި ވިސާމަށް ރާވައިދިން ކަންތަކުގެ ވާހަކަތައް، ނާސިރާއި ވިސާމް އަޅުގަނޑު މެންނަށް އަކުރުންއަކުރަށް ކުޑަގޮޅީގައި ތިބިއިރު ކިޔައިދިނެވެ. ފަހުން ވިސާމް ވެގެންދިޔައީ އަޅުގަނޑު ކައިރިން ކިޔަވާ ކުއްޖަކަށެވެ. ބައިވަރު ދީނީ މައުލޫމާތައި، އަދި އަރަބިބަސް ލިބިގަންނަން ބޭނުންވި އެވެ.
އަދި މިވާހަކަތަކަކީ ތަހުގީގުގައި ދެކެވިފައި ހުރި ތެދު ވާހަކަތަކެވެ. ތަހުގީގަށް ހާމަކުރެވިފައިވާ ވާހަކަތަކެކެވެ. އަދި ކޯޓުގެ މަރުހަލާގައި ޝަރީޢަތުގައި ވެސް ދެކެވިފައިހުރި ވާހަކަތަކެވެ. އެހެންވެ މިވާހަކަތައް މިހާރު އަޅުގަނޑު މިހާމަކުރަނީއެވެ. ސިފައިންގެ ތަހުގީގަށާއި އަދުލްއިންސާފުގެ މައްޗަށް ސަވާރުވެ އިންނަވާ ވެރިމީހާ، ރައީސް މައުމޫނުގެ ނުފޫޒާއިބާރު މިބޭފުޅުންގެ މައްޗަށް އޮންނާތީ، މިއިންވާހަކައެއް ވައިގައި ހިފާގޮތްނުވެ އެކުގައި ހެން އޮއްބާލީއެވެ.
ދިވެހިތާރީޚަށް ޓަކައި މިތަނުގައި މިހާމަކޮށް ދެނީއެވެ. އޭރު އޮންނަގޮތުން، ރައީސް މީހާއަކީ، އެންމެމަތީ ވެރިޔާއެވެ. އެއީ ހުރިހާބާރެއްގެ ވެރިޔާއެވެ. ހުރިހާ ވެރިންގެ ވެރިޔާއެވެ. އެހެން އެންމެންނަކީ ދަށު ދަރަޖައިގެ އަޅުންނެވެ! އެހެނަސް، ﷲގެ ވާގިފުޅާއެކު، ޖަލުގައި އަޅުގަނޑުމެން ކުރިދުޢާތަކުގެ ބާރުން އިސްލާހީ ހަރަކާތުގައި އުޅުނު މީހުންގެ ބޮލުގައި މާލެތެރޭގެ އަލިފާނުގެ އެއްވެސް ހާދިސާއެއް އެޅުވޭގޮތް ނުވީއެވެ.
އެހެނަސް ޓެރަރިޒަމްގެ ގާނޫނެއް ހަދާއި ވުޖޫދަށް ގެނެސް، ގަދަކަމުން އެގާނޫނުގެ ދަށުން އަޅުގަނޑު މެންނަށް ވެސް ހުކުމްތައް އިއްވާލާއި ނިންމާލީ، ޚުދުމުޚްތާރު ގޮށްމުށުގެ ބާރުން ސީދާ ރައީސް އޮފީހުންނާއި ގަނޑުވަރުން އޯޑަރުތައް ނެރެ ތަންފީޒުކޮށް ހަދައި ގެންނެވެ. މިއީ އޭރުރާއްޖޭގައި އަދުލްއިންސާފު އޮތްމިންވަރު ސާފުކޮށް އަންގައިދޭ ރީތި މިސާލެކެވެ. މިވާހަކަތައް ކިޔާދިވެހިތާރީޚަށް ލޯބިކުރާ ކުދިން މިކަންތައް އަންނަން ތިބި ދިވެހި ޖީލްތަކަށް ކިޔައިދީ ލިޔެހަދާށެވެ.
އާދެ! މިއަދު ހަވީރު ގެއިންކާނާ ވަށިގަނޑެއް ލިބުނެވެ. އަދި މިއަދު، ހަންދު މާލެއަށް ބޭސްފަރުވާއަކަށް ގެންދިޔައެވެ. އަދި ޑިފެންސަށް ލިޔުނުސިޓީގެ ޖަވާބު، އަޅުގަނޑަށް ލިބުނެވެ. ކޯޓްނަންބަރު، 6 ށް ލިޔެ ދޮންދައްތައާ ހަވާލުކޮށް ދިނުމަށްއެދި ފޮނުވިސިޓީ ޖަވާހިރުވާދީއަށް ހަވާލުކޮށް ދީފިކަމުގައި ބުނެފައިއޮތެވެ.
2 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 284 ވަނަ ދުވަހެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. މިއަދު ވިސާމު މާލެގެންގޮސް ހަވީރު ދޫނިދޫއަށް ގެނައެވެ. ވިސާމު މާލެގެންދިޔައީ ނާސިރުއަތުން ނެގިކަހަލަ ބަޔާނެއް ނެގުމަށެވެ. ވިސާމުވެސް ބަޔާންދިނީ ނާސިރުދިން ގޮތަށެވެ. އަޒީކައިރީގައި އެޒާތުގެ އެއްވެސް ވާހަކައެއް ނާސިރު ބުނިއަޑުނާހާ ކަމަށެވެ. އަދި ވިސާމުވެސް އަޒީގާތުގައި އެފަދަވާހަކައެއް ދުވަހަކުވެސް ދައްކާފައި ނުވާނެކަމަށެވެ.
3 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 285 ވަނަ ދުވަހެވެ. ރޭގެނިދީގައި ޒަރާނާ ހުވަފެނުން ފެނުނެވެ. ޒަރާނާގެ ގެއިން އޭނާ އަޅުގަނޑަށް ސައިހަދައިދީ ސައިބޮއިހަދާ މަންޒަރެވެ. ސައިބޮއި ނިމެންދެން، ޒަރާނާގެ މަންމަ އަޅުގަނޑުގާތުގައި ވާހަކަދައްކަން އިންނެވިއެވެ. ޒަރާނާއަކީ، އަޅުގަނޑު ބަންދުކުރިއިރު އެންމެގާތްކަމެއް އޮތްއަޅުގަނޑުގެ ރަހްމަތްތެރި އެކުވެރިޔާއެވެ. އެހެނަސް، 3 އަހަރުވެފައި ޖަލުން މިނިވަންވީއިރު މިގުޅުންވަނީ އުވިގޮސް ފެނަށް ވެފައެވެ. މިނިވަންވި ދުވަހު ގުޅާލުމުން، އަޅުގަނޑަށް ޒަރާނާ، މިވާހަކަ ވަރަށް އަސަރާއެކު ކިޔައިދިނެވެ. ދެން އެހިސާބުން ޖެހުނީ މިގުޅުން ނިމިފައިވާ ކަމަށް މުޅިން ނިންމާށެވެ. ކޮންމެއަކަސް މިހުވަފެނުން އެދުވަސްވަރު ހަދާނަށް ގެނެސް ދިނެވެ. އަޅުގަނޑު މިނިވަންވި އިރުވެސް އޭނާއުޅެމުން ގެންދަނީ ރައީސް އޮފީހުގައެވެ.
4 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 286 ވަނަ ދުވަހެވެ. ފާހަގަކޮށްލެވޭ ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.
5 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 287 ވަނަ ދުވަހެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، އަޅުގަނޑު ދުއްވަން ގެންގުޅޭ ބައިސްކަލް ގެއްލިގެންއުޅޭ މަންޒަރެވެ!! މިއީ ވެސް އަޅުގަނޑާ ދޭތެރޭގައި ވެރިކަމުގެ ފަރާތުން ރައީސް މައުމޫނު ލުޔެއް ދެއްވުމަށް ގަސްދު ނުކުރައްވާކަން ތަޢުބީރުކޮށްދޭ ހުވަފެނެކެވެ. މިފަދަ ހުވަފެންތަކުން ކުރިމަގަށް އުޖާލާކަމެއް ގެނެސްދޭތީ ވަރަށް އުފާކުރަމެވެ. އަދި ﷲއަށް ހާސްހާސް ޝުކުރު ދަންނަވަމެވެ. މިހާރުވެސް ބަރާބަރަށް ގުރުއާން ކިޔެވުމާއި އަޅުކަންތައް ބަރާބަރަށް ކުރިޔަށް ގެންދަމެވެ. އަބަދުވެސް ހުންނަނީ ރޫހާނިއްޔަތުން ތާޒާވެ ޒީނަތްތެރި ވެގެންނެވެ. ހަފްތާއަކު ޚަތިމެއް ކުރެވެއެވެ. މިއަދުވެސް ކަސްރަތަށާއި މޫދަށް ނެރުނެވެ.
6 އޮކްޓޯބަރ 1991 ވީއާދީއަތަ ދުވަސް، ޖަލުގައި ހުންނަތާ، 288 ވަނަ ދުވަހެވެ. މިއަދު ހެނދުނުކޮޅު ތަހުގީގުޓިމު ދޫނިދޫއަށް އައެވެ. މޯރާތައުފީގާއި މުހަންމަދު އިބްރާހީމް ތިއްބެވިއެވެ. މިބޭފޫލުން މިއައީ ސިފައިންގެ ޗީފް އާދަމްޒާހިރުގެ ގެކަމުގައިވާ މ.ވަވަތިއަށް ޕެޓްރޯލްބޮމެއް އެއްލި ސިފައިންގޭގެ ޕްރައިވެޓުން ތަކެއްގެ ތަހުގީގު ކުރިޔަށް ގެންދިއުމުގެ ކަންތަކުގައެވެ. މިބޭފުޅުން މާލެ ފުރުއްވަމުން ގޮޅިތަކުގައި ތިބިބައެއް މީހުންނަށް ކުޑަ ބަދަލެއް ގެނައެވެ.
ހަންދު ހުރީ، 13 ވަނަގޮޅީ ގައެވެ. އަޅުގަނޑު ހުރީ، 15 ވަނަ ގޮޅީގައެވެ. އަޅުގަނޑުމެން ދެމީހުންގެ މެދުގައި ހުރި، 14 ނަމްބަރު ގޮޅީގައި އޮތް މއ.ވަވަތި އާދަމްޒާހިރު ގެއަށް ޕެޓްރޯލް ބޮންއެއްލި މައްސަލައިގައި ބަންދުކޮށްފައި ހުރި، މުސްތޮފާ ނެރެގެން ޓިނުގޮޅިއަށް ގެންދިޔައެވެ. އަދި ހުސްވި، 14 ނަމްބަރުގޮޅިއަށް ހަމަ އެމައްސަލައިގެ، ހަލީމް ގެނެސް ވެއްދިއެވެ. މިދެމީހުން ނަކީވެސް ސިފައިންގޭގެ ވަޒީފާގައި ތިބި ދެމީހުންނެވެ. މިމީހުންމިކަން ކޮށްގެން އުޅެނީ ކޮން މަގްސަދެއްގައި ކަމެއް ސާފެއް ނުވިއެވެ. އަހާލައި ސާފުކުރެވޭ ގޮތެއް ނުވިއެވެ. ސިފައިންގެ ރޭވުމަކަށް ވުން ވެސް ގާތެވެ.
7 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 289 ވަނަ ދުވަހެވެ. ރޭދަންވަރުގެ ނިދީގައިއޮއްވާ ހުވަފެނުން ފެންނަނީ، އައިންތު އާރިފު އޭނާގެ ގެއިން ނުކުމެގެން އައިސް އަޅުގަނޑުމެންގެ ގޭގައި ދިރިއުޅޭ މަންޒަރެވެ. މަންމަގާތުގައި ދަރިއެއްހެން ޖަވާހިރުވާދީ ގައި އުޅެމުންދާތަނެވެ. އަދި އައިންތު އަޅުގަނޑާއެކު ހުކުރަށް ނުދާންވެގެން އުޅޭތަނެވެ. އަޅުގަނޑު ބޭނުންވަނީ އޭނާގޮވައިގެން ހުކުރަށް ދާށެވެ. އޭނަބޭނުން ވަނީ އަޅުގަނޑު އެކަނި ދާށެވެ. މިހެން މިކަންތައްގަނޑު ތެރޭގައި އުޅެނިކޮށް ސިއްކަގޭ ނަސީމްބެ އެތަނުން ފެނުނެވެ. އާދެ! އައިންތުއަކީ ދިވެހިރާއްޖެއިން އަޅުގަނޑު ރައްޓެހިވި އެންމެފުރަތަމަ ދިވެހި އަންހެން ޒުވާނާއެވެ. ﷲ އަބަދުވެސް އޭނާ އުފަލުގައި ލައްވާށިއެވެ! އާމީން!
8 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 290 ވަނަ ދުވަހެވެ. ރޭގައި ހުވަފެނުން ފެންނަނީ، ހ.އާޒާދުވާދީ ޝީޒާ އޭނާގެ މަންމަ ސަޢީދާއާ އެކު އެގޭގައި އަޅުގަނޑު ގޮސް އިންތަނެވެ. ވަރަށް ވާހަކަތައް ދައްކާ ހަދާތަނެވެ. އެގެއަށް ގިނަގިނައިން އައުމަށް ބާރުއަޅާ ސަޢީދާ ވާހަކަ ދައްކަވާތަނެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ.
މިއަދު ހަވީރު، 4:30 ގައި ގެއިން ދޮންދައްތަގެ ސިޓީއެއް ލިބުނެވެ. އޭގެތެރޭގައި ވިދާދުގެ ނޯޓަކާއި ވަހީދުބޭގެ ކުރުސިޓީއެއް އޮތެވެ. ލިޔެފައިވަނީ، 17 ސެޕްޓެމްބަރ 1991 ގައެވެ. މިސިޓީތައް ކިޔާފައި ވަރަށް އުފާވިއެވެ. މިސިޓީތައް ކިޔާފައި ގޭތެރޭގެ މާހައުލް ހިތުތެރޭގައި މުޅިދުވަހު ކަހަލަ ގޮތަކަށް އެނބުރި އެނބުރި ހުއްޓެވެ. މިއަދު އެކީގައިހެން ވެގެންދިޔައީ އުފާވެރި ދުވަހެއްގެ ގޮތުގައެވެ.
9 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 291 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ.
10 އޮކްޓޯބަރ 1991 ވީބުރާސްފަތު ދުވަސް، ޖަލުގައި ހުންނަތާ، 292 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ.
11 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 293 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ.
12 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 294 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ. ރޭގެނިދީގައި ފެންނަނީ، މީހަކާއިނދެގެން ކާވެނީގެ ކަންތައްގަނޑު ތެރޭގައި މަޝްޣޫލްވެގެން އުޅޭތަނެވެ. އަތަމާގޭ މުހަންމައިދީ އާއި އެގޭ އިބްރާހީމްދީއާއި އެކުދިންގެ ބައްޕަ އަބްދުއްލަތީފް ފެނުނެވެ. މިއަދުހަވީރު ގެއިން ބައެއްސާމާނު ލިބުނެވެ. ޓައިމްސް މަޖައްލާއަކާއި ނިއޫސްވީކް މަޖައްލާއަކާއި، 14 ސެޕްޓެމްބަރުން ފެށިގެން، 7 އޮކްޓޯބަރާ ހަމައަށް ހަވީރުނޫސް ލިބުނެވެ. އަދި ޖޮގިންކުރުމުގައި ގެންގުޅޭ ހެވީހޭންޑް ގްރިޕްސް އާބެހޭފޮތް ވެސް ލިބުނެވެ. ކިޔާލާނެ އެއްޗެހިތަކެއް ލިބުމުން ވަރަށް އުފާވިއެވެ.
13 އޮކްޓޯބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 295 ވަނަ ދުވަހެވެ. މިއަދު ވަރަށް ހެދުނާހެން ކޯޓްނަމްބަރު ހައެކަށް، އަންނި ގެންދިޔައެވެ. ހަވީރުގެނައުމުން އެނގުނީ، ޕާސްޕޯޓްގެ މައްސަލައާ ގުޅިގެން ކަމަށެވެ.
14 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 296 ވަނަ ދުވަހެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. 9 ނަމްބަރުގޮޅީގައި އޮންނަ ނާސިރު، ނަގައިގަނެގެން، ސިފައިންގެ ޓާސްކްފޯސް ބޭކަލުންގެ ހަމީހަކުވެގެން ޅަބޭ އިސްކޮށް ހުރެގެން ގޮޅިން ނެރެގެން ގެއްދާތަން މިއަދު މެންދުރެއްހާ އިރުފެނުނެވެ. ނާސިރު ބިމުންކަނޑުވާލައި ނަގައިގަނެގެން ގެންދަނީއެވެ. ޓާސްކްފޯސް ކުދިންގެ ތެރޭގައި ނިޔާޒާއި އާދަމާއި މިސްޓަރ ލޮސްޓް (ވަނަމެއް) މިމީހުން ހިމެނެއެވެ. މިއީ އަޅުގަނޑުމެން ބަލަހައްޓަން ތިބޭޓާސްކް ފޯހުގެ ބޭކަލުންނެވެ.
މިމީހުން ގަދަކަމުން ނާސިރު ނަގައިގަނެގެން ގެންދިޔައިރު، ނާސިރު ގަދައަޑުންހަޅޭލަވާ ގޮވަމުންގެންދިޔައީ މިހެންނެވެ. “ޅަބޭ މެންނަށް ބޭނުންގޮތެއް ހެދިދާނެއެވެ. އަނދަގޮނޑި ޖެހިދާނެއެވެ. މިބުނަނީ ނޫންހެއްޔެވެ! އަހަރެއް އަމިއްލައަކަށް ނުދާނަމެވެ. ގަދަކަމުން ގެންދެވި ދާނެއެވެ. ގެންދިޔައަސް ވާހަކައެއް ނުދައްކާނަމެވެ. ކަލޭމެން ތިމަންނަ ގެންގޮސް މަރާލާށެވެ.” މިއީވެސް ތަހުގީގާ ގުޅުންހުރި ކަމަކަށް ވެދާނެއެވެ. ނާސިރަކީ ބިންބިފޯހުގެ އެހީގައި މާލޭގައި ހުޅުޖެހި އެކަކު ކަމުގައިވާ ނާސިރެވެ.
އަދި މިއަދުހަވީރު ވަގުތެއްގައި ސްޓްރެޗަރަކަށް ލައިގެން ޓާސްކްފޯސް ބޭކަލުން ބިދޭސީމީހަކު ޖަލަށް ވައްދަނިކޮށް ފެނުނެވެ. ރަނގަޅަށް ސާފުވިއިރު، މިމީހަކީ، 3 ނޮވެމްބަރ 1988 ގެހަމަލާގައި ބައިވެރިވި ކުލީސިފައިންގެ ތެރެއިން އިސްކޮށް އުޅުނު، ފާރޫގްއޭ ކިޔުނު މީހާއެވެ. މީނާއޮތީ އައިވީ ގުޅާފައެވެ. ހާލުދެރަވެ ވަރުނެތިފައެވެ. މީނާ ގެނެސް ވެއްދީ، 11 ނަމްބަރު ގޮޅިއަށެވެ. އަދި ފަހުން އިރުއޮއްސެން ކައިރިވެފައި ވަނިކޮށް، 18 ނަމްބަރު ގޮޅިއަށް މީނާބަދަލު ކުރިއެވެ. 18 ނަމްބަރުގޮޅި ތެރޭގައިހުރި އެއްޗެހިދޮވެފައި ހިއްކަން އެޅުވުމަށް ބޭނުންކުރާ ދަނޑިއާއި ފާޚާނާގައި ބޭނުންކުރަން ހުންނަބުރުހާއި ހުރިހާސާމާނެއް ނެރުނެވެ.
މިދަނޑިއޮންނަނީ އެއްއާނގައިން އަނެއްއާނގައަށް ދަނޑީގެ ދެކޮޅުވައްދާއި އަޅުވާލާފައި އެއްޗެހިދަނޑީގައި އެޅުވޭގޮތަށެވެ. ފާރޫގް އޮތީވަރަށް ހާލުގައެވެ. ގާޑަކު ބުނެދިން ގޮތުގައި އޭނާއުޅެނީ ހަންގަރ ސްޓައިކެއް ހަދައިގެން މަރުވާން ބޭނުން ވެގެންނެވެ. 11 ނަމްބަރުން، 18 ނަމްބަރުގޮޅިއަށް ގެންދިޔައިރު ފާރޫގް ގެންދިޔައީ ސިފައިން ބޭކަލުން ހިފަހައްޓައިގެން ހިންގުވާފައެވެ. އޭނާހުރީ ވަރުނެތިގެން ކާލިއަޅާލަ އަޅާލައެވެ. ބޯހުރީވަތަށް ޖެހިފައެވެ. މުޅިހަށިގަނޑު އޮތީއަރިއަޅާ ލާފައެވެ. ގެންދިޔައީ ފާޑަކަށް ދަމާފައި ކަހަލަ ގޮތަކަށެވެ. އޭނަޔަކަށް ރަނގަޅަށް ނުހިނގެއެވެ. 4 ބޭކަލުން ހިފާއްޓައިގެން ތިއްބެވެ.
އިސްކޮށްހުރީ ސިފައިންގެ ބޭކަލެއް ކަމުގައިވާ، ބާބޫ (އިލްޔާސް) އެވެ. މިއީ މީނާއަށް ޖަލުތެރޭގައި ބޭނުންކުރާ ވަނަމެވެ. އިސްކޮށް ފާރޫގް ގެންދިއުމުގައި އެހީތެރިވީ ބާބޫއެވެ. ދެންމެ ދެންމެއަކު ވެއްޓިދާނެހެން ހީވެއެވެ. 18 ނަމްބަރު ގޮޅިއަށް ވެއްދުމުގެކުރިން ގުޅާފައިއޮތް އައިވީ ނައްޓާލިތަން ފެނުނެވެ. އެހާލުގައި ވެސް ފާރޫގްއޮތީ ކީސްބިޑި އަޅުވާފައެވެ. އަދި ސިފައިން ކުއްޖެއްގެ އަތުގައި އިތުރު ކީސްބިޑިއެއް އޮތްތަން ފެނެއެވެ. މިއީ އާންމުކޮށް ޖަލުތެރެއިން ފެންނަ މަންޒަރުތަކެވެ. މިފަދަ އަނިޔާގެ ބުރުތައް ދައުރުވަމުން ތަކުރާރުވާތަން އަބަދުވެސް ފެނެއެވެ.
15 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 297 ވަނަދުވަހެވެ. މިއަދުހެދުނު، 3 ނޮވެންބަރ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި، ފާރޫގު ރީތިކޮށް ފެންވަރުވާ ހަދައިގެން، ހޮސްޕިޓަލަށް ގެންދިޔަތަން ފެނުނެވެ. ކީސްބިޑި ވައްތަރުގެ ބިޑިއެއް އަޅުވާފައި ހުއްޓެވެ. އަދިވެސް އޭނާހުރީ އެއްޗެއްނުކައި، ބޫކްހަޅުތާލުގައެވެ. ހަންގަރ ސްޓަރިކެއް ހަދައިގެން ކަމަށް ގާޑުން ބުނެދިނެވެ. ޖެހިއައިވީތައް ފިޔަވާއެހެން އެއްވެސް އެއްޗެއް އެތެރެހައްޓަށް ނުދާކަމަށް ޚަބަރުލިބުނެވެ.
މިއަދާހަމައަށް، އެއްމަސް ވެދާނެކަމަށް ދޫނިދޫގައިތިބޭ ސިފައިންގެ ކުދިންގެ ފަރާތުން ޚަބަރުލިބުނެވެ. ފާރޫގުގެ އެދުމަކީ، ބިޑިނައްޓާލާއި ގޮޅިހުޅުވައިދީ، އެހެންގައިދީންނަށް އޮންނަ އިނާޔަތްތަކާއި ލުއިފަސޭހަތައް އޭނާއަށް ވެސް ދިނުމަށެވެ. ހަމަވައިގެ ތެރެއަށް އެހެންގައިދީން ނެރޭހެން އޭނާއަށްވެސް އެފަސޭކަމާއި ލުއިތައް ހަމަޖައްސައި ދިނުމަށެވެ. މިކަންތައް ނުވެގެން ރުޅިއައިސްގެން ދެކޮޅުހެދުމުގެ ގޮތުންފެށި ބޫކުހަޅުތާލެކެވެ.
ގާޑުން ޚަބަރުދިން ގޮތުގައި އިއްޔެހަތަރުދަމު، އޭނާގޮޅީގައި އުޅުނީ، ހެއްދެވިގޮތަށް އޮރިޔާމުންނެވެ. އަދި ހަރުއަޑުން އަވަހަށް މަރާލަދޭށޭ ގޮވަމުން ގެންދިޔަކަމަށް ޚަބަރުލިބުނެވެ. އަދި މިއަދު މެންދުރުފަހު ވަގުތެއްގައި ނާސިރު ނެރެގެން ގެންދިޔަތަން ފެނުނެވެ. ފަހުން އެނގުނުގޮތުގައި ނާސިރު ނެރުނީ، އޭނާގެ ގޭގެމީހުންނާ ބައްދަލު ކުރާށެވެ. ނާސިރު ބުނިގޮތުގައި އޭނާއާ ބައްދަލުކުރީ އޭނާގެބައްޕައެވެ. އަނެއްކާވެސް ޖަލުން ދުވަހެއް އާދައިގެމަތިން ނިމިގެން ދިޔައީއެވެ.
16 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 298 ވަނަ ދުވަހެވެ. މިއަދު ހެދުނު، ނާސިރު ނެރެ އޭނާ އަތުގައި އަޅުވާފައިއޮތް ބިޑިނައްޓުވާލިއެވެ. ބިޑީގެ އަޒާބުން، ނާސިރު މިއަދު މިންޖުވީއެވެ. އާދަންޒާހިރު އެދިވަޑައިގަނެގެން ބިޑިނައްޓާލަނީކަމަށް ނާސިރަށް އަންގައި އެގޮތުގެ މަތިން އެކަންކުރީކަމަށް ފަހުން ނާސިރު ބުނެދިނެވެ. މިބުރުގައި އޭނާބިޑިއެޅުވީ، ކޯޓަށް ނުދާނެކަމަށްބުނެ ގަދަހަދާއި ގަދަކަމުން ގެންދިޔައަސް އަނގައިން ނުބުނާނެކަމަށް ބުނެހަޅުތާލު ހެދީމައެވެ.
މިއަދު، 3.30 ގައި ގެއިން ފޮނުވި ކާނާވަށިގަނޑެއް ލިބުނެވެ. ވަރަށް ގިނަވަށްތަރުގެ ކެއުމުގެސާމާނު އޭގައިހުއްޓެވެ. މަޖާއުފާވެރި ދުވަހެކެވެ. އެކަނި ގޮޅީގައި އިނދެގެން ކާންޖެހުނީމާ މާބޮޑުމަޖަލެއް ނުނެގުނެވެ. ގާޑުންގެ އެހީގައި އެހެން އެކުވެރީންނަށް ބަހާހެދީމެވެ. އެކިމީހުންނަށް އެކިދުވަހު ފޮނުވާތީ މިއީރަނގަޅު ކަމެކެވެ. އަންނިއަށް ފޮނުވަނީ އަޅުގަނޑަށް ފޮނުވާ ދުވަހަކު ނޫނެވެ. އެހެންވެ މިގޮތަށް ކާނާބަހާ ހެދުމުން އުފާވެރިކަން އާލާވެ، ހިތްހަމަޖެހުން އިތުރުވެއެވެ. ލޯތްބާއި ކުލުނު އިތުރުވެއެވެ. އެކުވެރިކަން ބަދަހިވެއެވެ.
17 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 299 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަންދުއާއި ބިގޭ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މާލެގެންދިއުމަށް ފަހު، އެމީހުންނަށް އެންގީ ޑޮކްޓަރަށް ދެއްކޭނީ މާދަމާކަމަށެވެ. މިއަދު ގެންދަން ޖެހެނީ، ކޯޓަށް ކަމަށްނުބެ ގެންދިޔައީ ކޯޓްނަންބަރު، 6 ށެވެ. ބޮޑެތި ޓެރަރިޒަމްގެ ހުކުމްތައް އިއްވާލަން ކޯޓަށް ގެންދާގޮތަކީ މިއެވެ. ގެންދަނީ ކޯޓަށްކަން ނާންގާ ވަގަށެވެ.
މިހެންހަދާތީ، ނަފްސުދިފާޢު ކުރުމަށް ކުރެވޭނެ އެއްވެސް ކަމެއް ނޯވެއެވެ. ވަކީލެއް ކީއްކުރަންތޯއެވެ. ރައްޓެއްސެއްގެ ލަފާވެސް ހޯދައެއް ނުލެވެއެވެ. އެމީހުންނާ މިއަދު ދައުލަތުން ދައުވާކުރީ، ސަލްޓަންޕާކް ބޮމުގެ ކަންތަކާއެވެ. ހަމަ މިއަދު، އަބްދުﷲ ސަލީމް ވެސް ކޯޓަށް ގެންދިޔައެވެ. ހަމަ އެމައްސަލައިގައި ދައުވާ އުފުލުމަށެވެ. ސަލްޓަން ޕާކްގައި ގޮއްވާލި ކަޓޫރަބޮމް އުފެއްދުމުގެ އިންޖިނޭރަކީ، އަބްދުﷲ ސަލީމެވެ.
މިބުރުގައި ޖަލުގައި 300 ދުވަސް:
18 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 300 ވަނަ ދުވަހެވެ. އިތުރުކަމެއް ނެތެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ. އާދައިގެމަތިން ދިޔަދުވަހެކެވެ. ޖަލުގައި ކޮންމެ ސަތޭކައެއް ހަމަވާ ދުވަހަކީ، ޖަލުހަދާންކޮށް އިތުރުތާޒާކުރުން ތަކެއް ގެންގުޅޭ ދުވަހެކެވެ. އެގޮތުގެ މަތިން މިއަދުވެސް އެކަންކުރީމެވެ. މާޒީއާއި މުސްތަގްބަލަށް ވިސްނާއި ފިކުރުކޮށް ހެދީމެވެ. ﷲއަށް ދަންނަވަން ޖެހޭ ވާހަކަތައް ދެންނެވުމަށް ވަގުތުކޮޅެއް ޚާއްސަކުރީމެވެ.
19 އޮކްޓޯބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 301 ވަނަ ދުވަހެވެ. މިއަދު ހަންދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އާތުއާ ސިފައިންގޭގައި ބައްދަލުކޮށްދިނެވެ.
20 އޮކްޓޯބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 302 ވަނަ ދުވަހެވެ. މިއަދުމޫދަށް ގެންދިއުމަށް ނެރެންއައިމާ މޫދަށްއެރޭހިތް ނުވާވާހަކަބުނެ މޫދަށް އެރޭކަށް ނުދަމެވެ. މޫދަށް އެރޭހިތް މިއަދުނެތީކަމަށް ބުނެ ނުދިޔައީއެވެ. ޚާއްސަވަކިކަމެއް ވެގެންނެއް ނޫނެވެ. މިއަދު މޫދަށް އެރޭހިތް ހަމަނުވީއެވެ.
21 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 303 ވަނަ ދުވަހެވެ. އާދައިގެމަތިން ދިޔަދުވަހެކެވެ. ވަކިޚާއްސަ ކަމެއްނެތެވެ.
22 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 304 ވަނަ ދުވަހެވެ. މިއަދު ގެއަށް ދޮންދައްތައަށް ސިޓީއެއް ލިޔުނީމެވެ. އެސިޓީގެއަށް ފޮނުވައިދިނުން އެދި، ޖަލުގެ ސަރުދާރާ ހަވާލުކުރީމެވެ.
23 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 305 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.
24 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 306 ވަނަ ދުވަހެވެ. މިއަދު، ފިރާގް ސަރުދާރާއެކު، އަލަށް ޖަލާހަވާލުވި ސަރުދާރު، ގޮޅިތައް ބައްލަވާލަން ޒިޔާރަތް ކުރެއްވިއެވެ. އަލަށް މިއައި ސަރުދާރުގެ ނަމަކީ، ގާސިމެވެ. އޭރުމީނާ ހުންނެވީ ކޯޕަރެއްގެ މަގާމުގައެވެ.
25 އޮކްޓޯބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 307 ވަނަ ދުވަހެވެ. މިއަދު ހަވީރު ވަގުތެއްގައި ސަރުދާރުގެ އެހީތެރިޔަކަށް ކުރިންހުރި އަދުނާނުގެ ބަދަލުގައި އެހެންބޭފުޅަކު އައިސް އުޅުއްވާތަން ފެނުނެވެ. އޭނާގެ ނަމަކީ، ޖަލީލެވެ. މީނާއަކީ، އެއްފަށުގެ ބޭފުޅެކެވެ. މީނާއަކީ މިހާރު ސަރުދާރުގެ އެހީތެރިޔާއެވެ.
26 އޮކްޓޯބަރ 1991 ވީހިނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 308 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ. އެހެން ޚާއްސަކަމެއް ފާހަގަކުރެވިފައި ނެތެވެ.
27 އޮކްޓޯބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 309 ވަނަ ދުވަހެވެ. މިއަދު ހަންދުއާއި ބިގޭ ކޯޓުނަންބަރު، 6 ށް ގެންދިޔައެވެ. ދައުލަތުން ދައުވާކުރައްވާ، ކޮއިމަލާ ލާންޗުގޮއްވާލި މައްސަލައިގެ ޝަރީޢަތަށެވެ. އެލާންޗުގެ އަގުދައުލަތަށް ލިބިދޭންޖެހޭ ކަމަށް ދައުލަތުން ދައުވާ އުފުލާފައި ވެއެވެ. މިދައުވާގައި ވަނީ، ކޮއިމަލާލާންޗް ގޮއްވާލުމުގައި ބައިވެރިވި، 4 މީހުންގެމައްޗަށް އެމްޓީސީސީން ހުށަހެޅި އަގުކަމުގައިވާ، ތިންލައްކަ ފަސްދޮޅަސް ތިންހާސް އައްސަތޭކަ އެގާރަރުފިޔާ ތޭވީސްލާރި މި، 4 މީހުންގެ އަތުން ހޯއްދަވައި ދެއްވުމަށެވެ. މިދައުވާ ކުރަމުން ގެންދަނީ ރާއްޖޭގައި އަލަށް އުފައްދާއި އުފަންކުރި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެހެނަސް މިހާދިސާ ހިންގިއިރު އެގާނޫނަކީ، ވުޖޫދުގައި ނެތްެއެއްޗެކެވެ.
28 އޮކްޓޯބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 310 ވަނަ ދުވަހެވެ. މިއަދު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. އާދައިގެ މަތިން ދިޔަ ދުވަހެކެވެ. ކުކުޅުތަކަށް ކާންދިނުމާއި ގޮޅީގައި އޮންނަ އެހެންކަންތަކުގައި ޝާމިލްވެ އުޅުނީއެވެ.
29 އޮކްޓޯބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 311 ވަނަ ދުވަހެވެ. މޫދަށާއި ކަސްރަތަށް ނެރުނެވެ.
30 އޮކްޓޯބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 312 ވަނަ ދުވަހެވެ. ޚާއްސަ ކަމެއް ނުހިނގާ ދުވަހެކެވެ.
31 އޮކްޓޯބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 313 ވަނަ ދުވަހެވެ. ގެއިން ގަވާއިދުން ފޮނުވަމުން ގެންދާ ކާނާވަށިގަނޑު މިއަދުލިބުނެވެ. ވަރަށް އުފާވިއެވެ. މިފަހަރު ޗޮކްލެޓެއް ވެސް އޮތެވެ. އެހާދުވަސްކޮށްފައި ޗޮކްލެޓެއް ކާލަންލިބުމުން ވަރަށް މީރުކަން އިހްސާސް ކުރެވުނެވެ. އެތިއެތިކޮޅުން، މަދުމަދުންކައި ހުސްކޮށްލީއެވެ.
ކަމުން ގެންދިޔައިރު ވަރަށް އުފާކުރީމެވެ. އަދި ހިތުގެއަޑިން ދޮންދައްތައަށް ޝުކުރުވެރިވެ ހެޔޮދުއާކުރީމެވެ. މިއަދު، 8 ނަންބަރު ގޮޅިއަށް ވަނަމަކަށް، “ކިޔަވާ” ކިޔާ މީހަކު ގެނެސް ވެއްދިއެވެ. އޭނާބުނާ ގޮތުގައި އޭނާގޮޅިޔަށް ވެއްދުމުގެކުރިން އޮރިޔާންކޮށްގެން މުޅިހަށިގަނޑު އެކުގައިޗެކްކޮށް ބެއްޔެވެ. މިއީ ޑްރަގް އާބެހޭ ގޮތުން ޝައްކުކުރެވޭ ބައެއް މީހުންނާ ދޭތެރޭގައި އަމަލުކުރާ ގޮތެކެވެ. މިކަހަލަ މީހުންގޮޅިއަށް ވެއްދުމުގެ ކުރިން ކުރާކަމެކެވެ.
1 ނޮވެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 314 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ތިރީދަތްޕިލައިގެ މެދު، 4 ދަތް ވެއްޓިގެން އުޅެނިކޮށެވެ. އަދި އޭގެފަހުން ފަތިހާކައިރި ވެފައިވަނިކޮށް ފެންނަނީ، އާދަންޒާހިރާއި މާލޭ އައިނު ކުންފުނީގެ ކޮލިގޭ މޫސަބެއާއި ހައްޖުގެ އަޅުކަމުގެ ދަތުރުތަކުގައި އަޅުގަނޑާއެކުގައި އުޅެމުން ގެންދިޔަ، ދަނގަނޑު އަބްދުލް އަޒީޒް (ދަނގަޑުއަޒީ) އެވެ.
އާދަން ޒާހިރުކޮށްގެންއުޅޭ ގަވާއިދާޚިލާފު ކަމެއްގެވާހަކަ އަޅުގަނޑު އޭނާގެގާތުގައި ދަށްކަނިކޮށެވެ. ދެން ފެންނަނީ އަޅުގަނޑަށް ދޭންބަހައްޓާ ފައިހުރި ބަތްތައްޓަކުން ކުކުޅުބިހެއް ނަގައި ކާލަނިކޮށެވެ. މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުން އަޅުގަނޑު ނިންމީ، މެދުދަތްތައް ވެއްޓުމަކީ ތިމާގެމީހަކު މަރުވުން ނުވަތަ ގަދަބައްޔެއް ވުމެވެ. އަދި ފަހުދުވަހެއްގައި އާދަންޒާހިރަށް މީގެއަސަރުތައް އެހެން ސިފައެއްގައި ފެންނާނެކަމެވެ. އެމަގާމު ގެއްލޭނެކަމެވެ. އަދި އަޅުގަނޑު އެޅޭނީ ކައިބޮއިހަދާއި ހިތްހަމަޖެހޭ ދިރިއުޅުމެއްގައި ކަމެވެ.
2 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 315 ވަނަ ދުވަހެވެ. އޮކްޓޯބަރ އަށަކުން ފެށިގެން، ނޮވެންބަރު އެކަކާ ހަމައަށް ހަވީރުނޫސް ބޮނޑިއެއް މިއަދުލިބުނެވެ. ރާއްޖޭގެ ބައެއް ޚަބަރުތައް ލިބުމުން ހިތްހަމަޖެހުނެވެ.
3 ނޮވެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 316 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އާދެ! ދިވެހި ރާއްޖޭގެ ނަސްރުދުވަހެވެ. މިއަދު ދަރުބާރުގޭގައި ރަސްމީ ޖަލްސާއެއް އޮތްކަމަށް ގާޑުންބުންޏެވެ. މިއަދުވެސް މޫދަށާއި ކަސްރަތަށް ނެރުނެވެ. މޫދަށާއި ކަސްރަތަށްނެރެ، އަދި ވައްދާއިރު ބައެއްގާޑުން ވަރަށްގިނަ ވާކަތައް ބެނެދީ ހަދައެވެ.
6 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 319 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. އިތުރުއެހެން ކަމެއް ނުހިނގައެވެ.
8 ނޮވެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 321 ވަނަ ދުވަހެވެ. އާދެ! މިއަދަކީ، މަންތިރި މައްސަލާގައި ޖަލަށް ގެނައި ދުވަހަށް ބަރާބަރު އެއްއަހަރު ފުރުނު ދުވަހެވެ. މަންތިރި މައްސަލާގައި ޖަލަޑްގެނައީ، 8 ނޮވެންބަރ 1990 ވީބުރާސްފަތި ދުވަހުރޭ، 11:30 ގައެވެ. މިގޮތުން ބެއްޔަސް ޖަލުގައި ހުންނަތާ ބަރާބަރު އެއްއަހަރުވީއެވެ. މިއަދު، ﷲއަށް ޝުކުރުގެ ނަމާދެއްކޮށް އަބަދުވެސް ހެޔޮހާލުގައި ސަލާމަތް ބުއްދީގައި ބެހެއްޓެވުން އެދި ދުޢާ ދެންނެވީމެވެ. އަޅުގަނޑު ޖަލުގައި ހުންނަނީ ރޫޙާނީގޮތުން ވަރަށް ހިތްހަމަޖެހި ގެންނެވެ. އުފަލާއި އުންމީދުތަކައި އެކުގައެވެ. ކޮންމެކަމެއްގައި ވެސް، ﷲ އާގުޅުން ބާއްވަމެވެ.
9 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 322 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. ހަވީރު، 5 ޖެހިއިރު ގެއިން ދޮންދައްތަގެ ސިޓީއެއް ލިބުނެވެ. މިސިޓީ ލިޔެފައިއޮތީ، 31 އޮކްޓޯބަރުގައެވެ. ޑިފެންސަށް ލިބުނުކަމަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައިއޮތީ، 4 ނޮވެންބަރ ކަމަށެވެ. މާމައުޅުއްވަނީ ވަރަށްބޮޑަށް ބަލިކޮށްކަމަށް ލިޔެފައިއޮތެވެ. އެހެންވެ އަނެއްކާވެސް މާމައާ ބައްދަލުވެލަން އަޅުގަނޑުމެން ހުރިހާކުދިން ވަގުތުކޮޅަކަށް ގެއަށް ގެންދެވޭތޯ ޑިފެންސުގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށްލިޔެފައި އޮތެވެ.
އަދި އަޅުގަނޑަށް ވޯރލްޑްރިސީވިން، މަލްޓިބޭންޑް ކުޑަރޭޑިޔޯއެއް ފޮނުވުމަށް ހުއްދައަށް އެދި ފޮނުވިސިޓީއަށް ޑިފެންސުން ޖަވާބު ދެއްވިވާހަކަ ލިޔެފައިއޮތެވެ. ވިދާޅުވެފައި ވަނީ، އަދިއެފަދަ ރޭޑިޔޯއެއް ޖަލަށް ގެންދިއުމަށް ހުއްދަ ދެވެންނެތް ވާހަކައެވެ. އެހެނަސް ވަރަށް އަވަހަށް އެކަމަށް ގޮތެއް ހަމަޖައްސާފައި އެކަމަށް ހުއްދަދެއްވާނެ ކަމަށް ޖަވާބުގައި އޮތްކަމަށް ލިޔެފައި ވެއެވެ. މިޚަބަރު ލިބިފައި ރޭޑިޔޯއެއް ވަރަށް އަވަހަށް ލިބިދާނެކަމުގެ އުންމީދުއާވިއެވެ. ގާޑަކު ސިއްރުން އެތެރެކޮށްދީފައި އޮންނަވަރަށް ކުޑަކުޑަ ރޭޑިޔޯއެއް މިހާރުވެސް ގޮޅީގައި އަޅުގަނޑު ގެންގުޅޭތީ ރާއްޖެއާއި ބޭރުގެ ޚަބަރުތައް ލިބުމުގައި ދަތިކަމެއް ނެތެވެ. މިގެންގުޅޭ ކުޑަކުޑަރޭޑިޔޯގެ ވާހަކަ ފަހުން ގެނެސްދޭ ނަމެވެ.
11 ނޮވެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 324 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ގެންދިޔައެވެ. އަދި މިއަދަކީ ރަސްމީބަންދު ދުވަހެއްކަން ގާޑުންގެ ފަރާތުން އެނގުނެވެ. ރައީސް މައުމޫނުގެ ޖުމްހޫރީ ވެރިކަމަށް، 14 އަހަރުފުރުނު ދުވަހެވެ.
12 ނޮވެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 325 ވަނަ ދުވަހެވެ. މިއަދަކީ ވެސް ރަސްމީބަންދު ދުވަހެކެވެ. ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބަންދުކުރާ ދުވަހެވެ.
13 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 326 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު، 2:30 ގައި، 17 ނަންބަރު ގޮޅީގައިއޮތް ވިންޓަރ ޝަރީފާއި އެގާރަ ނަންބަރުގައިއޮތް ވާއްޕެ ގާމާދޫޖަލަށް ބަދަލުކުރިއެވެ. ވާއްޕެއަކީ އާދަންޒާހިރު ގެއަށް ޕެޓްރޯލްބޮމެއް އެއްލި ގްރޫޕްގެ މީހެކެވެ. މިދެމީހުންނަށް އިތުރުލުޔެއް ލިބުނީއެވެ. ކުޑަގޮޅިން ސަލާމަތްވެ، އާންމުޖަލަކަށް ބަދަލުވީއެވެ. ގާމާދޫގައި ބައިތިއްބާފައި ތިބެނީއެންމެން އެކުގައެވެ.
14 ނޮވެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 327 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.
16 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 329 ވަނަ ދުވަހެވެ. މިއަދުހަވީރު ގެއިން ފޮނުވާ ކާނާވަށިގަނޑު ލިބުނެވެ. މިގޮތަށް ގެއިންކާނާ ފޮނުވެނީ މަހަކު ދެފަހަރެވެ. 1 ވަނަ ދުވަހާއި، 15 ވަނަ ދުވަހުއެވެ. މިއިންދުވަހެއް ކަޓައިފި ނަމަ، އެފުރުސަތު އެފަހަރަށް ގެއްލުނީއެވެ.
17 ނޮވެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 330 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.
20 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 333 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ.
21 ނޮވެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 334 ވަނަ ދުވަހެވެ. މިއަދު ކޯޓް ނަންބަރު، 6 ށް، އަންނި ގެންދިޔައެވެ. ދައުލަތުން ކުރައްވާ، ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރާބޮން ގޮއްވާލިކަން އެނގިހުރެ އެކަން ސިއްރުކުރިކަމުގެ ކުށަށް ދައުވާ ކުރުމަށެވެ. އަދި އަމަންއާންމަށް ގެއްލުންވާފަދަ ވާހަކަދައްކައިގެން އެކަމާ ދައުވާ އުފުލުމަށެވެ.
23 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 335 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. އިތުރު އެހެން ކަމެއް ނުހިނގައެވެ. ކަސްރަތަށް ބޭނުންކުރަނީ، ޔޯގާގެ ބާވަތްތަކެވެ.
24 ނޮވެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 336 ވަނަ ދުވަހެވެ. މިއަދުގެއަށް ދޮންދައްތައަށް ފޮނުވުމަށް ސިޓީއެއް ލިޔެފައި ސަރުދާރު ގާސިމާ ހަވާލުކުރީމެވެ. މިއަދުގެ ބޯޓުން އެސިޓީފޮނުވައި ދޭނެކަމަށް ސަރުދާރު ގާސިމް ބުނުއްވިއެވެ.
26 ނޮވެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 338 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ.
27 ނޮވެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 339 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި، 14 ނަންބަރު ގޮޅީގައިއޮތް ހަލީމް، އަދި 16 ނަންބަރުގައޮއޮތް ޝިޔާމް، އަދި 17 ނަންބަރުގައި އޮތް ޒަހީން، އަދި 4 ނަންބަރުގައިއޮތް ވަލީދު، އަދި 8 ނަންބަރުގައިއޮތް މުހަންމަދު އިބްރާހީމް (ކިޔަވާ) އާއި މިއެންމެން ނެރެގެން ގެންދިޔަތަން ފެނުނެވެ. ލަފާކުރެވެނީ ގާމާދޫޖަލަށް ބަދަލުކުރަން ކަމަށެވެ. ކިޔަވާއަކީ، ޖަލުތެރޭގައި ވަރަށް މަޝްހޫރު މީހެކެވެ.
ކެރޭކަމަށާއި ނުލަފާކަމަށް އަރާހުންނެވި ބޭކަލެކެވެ. ކިޔަވާއަކީ މީނާއަށް ޖަލުތެރޭގައި މަޝްހޫރުވެފައި އޮންނަނަމެވެ. މީނާއަކީ އައްޑޫހިސާބުގެ މީހެކެވެ. މިއަދުގެންދިޔަ މީހުންގެ ތެރެއިން ކިޔަވާނޫން އެންމެންނަކީ، އާދަމްޒާހިރުގެއަށް ޕެޓްރޯލް ބޮންއެއްލި ގްރޫޕްގެ މީހުންނެވެ. މިގްރޫޕްގައި ހިމެނޭ ފ.އަތޮޅު ފިޔަލީ މުހަންމަދު މުސްތޮފާއޮތީ، 30 ނަންބަރު ގޮޅީގައެވެ. މީނާވެސް މިއަދު ދޫނިދޫޖަލުތެރެއިން ނެރެގެން ގެންދިޔައެވެ. މިއެންމެން ވެސް ޖަލުތެރެއިން ނެރެގެން ގެންދިޔަގޮތަށް އަނބުރާ ނުގެނެއެވެ. ގާޑުންގެ ފަރާތުން ލިބުނު މައުލޫމާތަކީ ވެސް ގާމާދޫއަށް ގެންދިޔަ ކަމަށެވެ.
28 ނޮވެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 340 ވަނަ ދުވަހެވެ. މިއަދުހަވީރު، 7 ނަންބަރުގައި އޮންނެވި އަންނި އެގޮޅިން ނެރެގެން، 9 ނަންބަރުގޮޅިއަށް ބަދަލުކުރިއެވެ. އަދި 9 ނަންބަރުގައިއޮތް ނާސިރު، 7 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. އަދި 1 ނަންބަރު ގޮޅީގައިއޮތް ރިޝްވާން އައްބާސް (ކަރޯއައްބާސް ދަރިފުޅު) 17 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. މިއީދޭތެރެ ދޭތެރެއިން ޖަލުގެ މެނޭޖްމަންޓުން ކުރާކަމެކެވެ.
މިކަންކުރަނީ އަޅުގަނޑުމެން އެކަކުއަނެކަކާ އޮންނަ ގުޅުން ކަނޑާލުމުގެ ބޭނުމުގައެވެ. އެހެނަސް މިކަމުން އަޅުގަނޑު މެންނަށް ލިބެނީއާ ހިތްވަރެކެވެ. މިކަންވަނީ އެދެވޭ ރަނގަޅު ކަމަކަށެވެ. މިކަހަލަ ބަދަލުތަކާއެކު އަޅުގަނޑު މެންގެ ގުޅުންތައްދަނީ ބަދަހިވެ އިތުރުވަމުންނެވެ. ބުޅާވެސް އެސޮރުގެ ޅަ ދަރިންތައް ހަތްހާއްޔަށް ބަދަލުކުރަނީ އިތުރުތަންތަން ދަސްކޮށް ދިނުމަށާއި އިތުރު ކުޅަދާނަ ކަމާއި ޓެރޭނިންތައް އެސޮރުމެންނަށް ދޭށެވެ. އިތުރު ހުނަރުތައް ދަސްކޮށްދޭށެވެ. ތަފާތު މާހައުލަށް ހޭނުމަށެވެ.
29 ނޮވެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 341 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ހަވީރު ވަގުތެއްގައި، 7 ނަންބަރު ގޮޅީގައިއޮތް ނާސިރު ޓިނުގޮޅިޔަކުން އެތެރޭގެ ސިމެންތި ގޮޅިއަކަށް އަނެއްކާވެސް ބަދަލުކުރިއެވެ. ޓިނުގޮޅިތައް ހުންނަނީ މިބައިންބޭރުގައި ބަކަރިކޮށި ވަށައިގެންނެވެ.
30 ނޮވެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 342 ވަނަ ދުވަހެވެ. މިއަދުހެދުނު، 1 ނަންބަރު ގޮޅިއަށް، ނާސިރު ގެނެސް ވެއްދިއެވެ. އަދި، 14 ނަންބަރު ގޮޅިއަށް އިބްރާހިމް (ދަތްބުރި) ކިޔާމީހަކު ގެނައެވެ. މީނާއަށް ޖަލުތެރޭގައި ވަނަމަކަށް ބޭނުންކުރަނީ ދަތްބުރިއެވެ. ގާޑުންބުނަނީ މިފަހަރު މިކަން މިކުރީ ޓިނުގޮޅިތައް އެއްކޮށް ހުސްކޮށް ލުމަށެވެ.
ރާއްޖޭން ބޭރުބަޔަކު ޖަލުބަލަން އަންނާތީ އެގޮޅިތައް ނަގަން އުޅެނީ ކަމަށް އެފަރާތްތަކުން ޚަބަރުދިނެވެ. އަދި ރޭގަނޑުވުމުން، 6 ނަންބަރު ގޮޅީގައިއޮތް ރީކޯއިބްރާހީމް މަނިކު، 10 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. އަދި، 10 ނަންބަރު ގޮޅީގައި އޮތް ވިސާމް، 6 ނަންބަރު ގޮޅިއަށް ބަދަލުކުރިއެވެ. އަނެއްކާވެސް ބަދަލެއް ގެނައީއެވެ. ކިރިޔާރިޕޯޓެއް ލިބުނަސް އެންމެފުރަތަމަ ކުރާކަމަކީ ގޮޅިބަދަލު ކުރުމެވެ.
1 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 343 ވަނަ ދުވަހެވެ. މިއަދުހަވީރު ވެގެންދިޔައީ އަނެއްކާވެސް އުފާވެރި ވަގުތަކަށެވެ، ގެއިންކާނާ ވަށިގަނޑު ގެނެސް އަޅުގަނޑާ ހަވާލުކުރި ވަގުތަށެވެ. ވަރަށްގިނަ ސާމާނު ހުއްޓެވެ.
2 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 344 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. އިތުރު އެހެންކަމެއް ނެތެވެ.
3 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 345 ވަނަ ދުވަހެވެ. 345 މިނަންބަރަކީ، މަޖީދިއްޔާ ސްކޫލްގައި އަޅުގަނޑު ބޭނުންކުރުމަށް ލިބުނު ސްކޫލް އިންޑެކްސް ނަންބަރެވެ. މިނަންބަރު ގޮޅީގައި ޖަހާފައި އަބަދުވެސް ބައިންދަމެވެ. އެއީ އަޅުގަނޑުގެ އިންޑެކްސް ނަންބަރަށްވާތީ، އެނަންބަރުދެކެ ލޯބިން ކޮށްލެވޭ ކަމެކެވެ. ހެނދުނު ބޯޓުން މާލެ ދެވޭގޮތަށް ތައްޔާރުވެގެން ހުރުމަށް، ރޭގައި އަޅުގަނޑަށް އެންގިއެވެ. ރެއަކުވަކިކަމެއް ނުބުނެއެވެ. ހެނދުނު އަހާލުމުން ސަރުދާރުބުނީ އެއްޗެއްސާ ނުލާދާގޮތަށެވެ.
ހީވަނީ މީހަކާ ބައްދަލުކުރުވަން ހެނެވެ. މާލެ ގެންގޮސް ސިފައިންގޭގެ ވެލްފެއަރ ސެކްޝަންގައި ގަޑިންހެނދުނު، 10:00 ޖެހުމުން އަޅުގަނޑާ ބައްދަލުކުރުވީ ދޮންދައްތައާއެވެ. ގޭގެގިނަ ވާހަކަތައް އޮޅުންފިލިއެވެ. މާމަގެ ބަލިރަނގަޅު ނޫންކަމަށް ދޮންދައްތަ ބުންޏެވެ. އަދި އަލީރަޝީދު ކޮއްކޮ ޕްރިސަންސްއާ ހަވާކޮށްފިކަމަށް ދޮންދައްތަ ޚަބަރުދިނެވެ. އަދި މިކަންހިނގީ އިއްޔެކަމަށް ބުންޏެވެ.
އަދި އެއްބަސްވެ ބަޔާނުގައި ސޮއިކުރި ދުވަހުން ފެށިގެން ހުކުމުގައި ހިމެނޭގޮތަށް މުއްދަތުން ކެނޑެމުންދާގޮތަށް ހަމަޖެހުނު ވާހަކަވެސް ބުންޏެވެ. މިވީ ގޮތުން އަލީއަށް ވަރަށްލުއި ލިބުނީއެވެ. ދެން ދުވަސްކޮޅަކު އަރުވާލާފައި ބެހެއްޓުމަށްފަހު ދޫކޮށްލާނީއެވެ. މިވާހަކަތައް ދޮންދައްތަ ކިޔައި ދިނުމުން ވަރަށް އުފާވިއެވެ. ގޭގައި ތިބި އެއްމެންގެ ސަލާމާއި ލޯބިގެނެސް ދިނެވެ.
4 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 346 ވަނަ ދުވަހެވެ. މިއަދު ބިގޭ މާލެ ގެންދިޔައެވެ. ދޮންދައްތައާ ބައްދަލު ކުރުވާށެވެ. އަދި ބިގޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސްވެއެވެ.
5 ޑިސެންބަރ 1991 ވީބިރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 347 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. އަދި ހަންދު މާލެއަށް، ދޮންދައްތައާ ބައްދަލު ކުރުވުމަށް ގެންދިޔައެވެ. އެންމެނާވެސް ހުރީއެއްވާހަކައެއް ދެކެވިފައެވެ. ވަކިއާ ޚާބަރެއް ނެތެވެ.
7 ޑިސެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 349 ވަނަ ދުވަހެވެ. މިއަދު ގެއިން ބައެއް ސާމާނުލިބުނެވެ. 2 ނޮވެންބަރުން، 30 ނޮވެންބަރަށް ހަވިރުނޫސް ލިބުނެވެ. 2 މާކަރާއި 1 ގަލަމާއި 1 ފަންސުރުގަލަމާއި 1 ޕެކެޓް އެއަށް ލައްވާފާޑުގެ ދެލިލިބުނެވެ. އަދި 1 ފުލްސްކޭޕް ސައިޒްގެ ލެޓަރޕޭޑްކާއި ޢަރަބި އިނގިރޭސި ޑިކްޝެނެރީއެއް ލިބުނެވެ. ޑިކްޝެނަރީ ލިބުމުން ވަރަށް ގިނަމަސައްކަތް ކުރިޔަށް ގެންދެވުނެވެ.
އަޅުގަނޑު ޖަލުގައި އިނދެގެން ލިޔަމުން ގެންދާ ނަންފޮތުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ކުރިޔަށް ގެންދެވުނެވެ. ގުރުއާން ބަލައިގެން ނަގާފައިހުރި ގިނަނަންތަކުގެ މާނަކަށަވަރު ކުރެވުނެވެ. އަދި އިތުރުނަންތައް ޑިކްޝެނަރީ ބަލައިގެން އެއްކުރެވުނެވެ. މިހާތަނަށް މިނަންފޮތަށް އެއްކުރެވިފައިހުރި ނަންތައް، 3000 (ތިންހާސް) އަށް އަރާނެއެވެ. މިނަންފޮތް އަތުންލިޔެގެން މިހާރުވެސް ބޭނުންކުރަމެވެ. ވަރަށްގިނަ ކުދިންނަށް މިފޮތުން ނަންދީފައި ވާނެއެވެ.
8 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 350 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ. ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. 14 ނަންބަރުގައިއޮތް އިބުރޭ (ކާދޫ) މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ފަހަކަށް އައިސް މިއިބުރޭގެ ބުއްދިވަނީ ގޯސްވެފައެވެ. ހިތަށްއެރިހާ އެއްޗެއް ގޮވާހަދައެވެ. ގޮޅީގައި އޮވެގެން ހަޅޭލަވާހަދައެވެ. އަޅުގަނޑު މެންނާއެކު ބަންދުކުރި، 250 ހަކަށް މީހުންގެތެރެއިން، 40 ހަކަށް މީހުންގެ ބުއްދިގޯސްވިއެވެ.
ކޮންސަބަބަކާ ހެދިކަމެއް ނޭނގެއެވެ. ހިތްވަރުބަލި ކުރުމަށާއި ފިނޑިކުރުމަށް ފާޑެއްގެ ކުނޑިއެއް ސަޔާއެއްކޮށްފައި ބޯންދޭކަން ފާހަގަކުރެވިފައި ވެއެވެ. މިއީ މީހާ އަވަހަށް ފިނޑިކޮށްލުމަށާއި ހިތުޖައްސާލުމަށް ބޯންދޭ އެއްޗަކަށް ވެއެވެ. ސޯވިއޭޓް ޔޫނިއަންގެ ޖަލުތަކުގައި މިފަދަކުނޑިތައް ބޭނުންކުރާކަމަށް ޚަބަރުލިބިފައި ވެއެވެ. އަޅުގަނޑަށް މިފަދަ ޝައްކެއް ކުރެވުމުނު ދުވަހުން ފެށިގެން، އޭގެފަހުން ސައިބޮނީ ހޫނުފެނާއި ސައިފަތް ވަކިން ގެނެސް ދިނީމައެވެ. ގިރައިގެން ގެނެސްދީ ފިއްޔާ އަނބުރާ ފޮނުވާލަނީއެވެ.
9 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 351 ވަނަ ދުވަހެވެ. މިއަދަކީ ހުރަވީދުވަސް ކަމުން ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. ހުރަވީދުވަހަކީ ހިޖްރީކަލަންޑަރުން ޖުމާދަލްއާޚިރާ މަހުގެ، 3 ވަނަ ދުވަހެވެ. މާލެ ގެންދިޔަ އިބުރޭ ހަވީރުމާލެ ގެނެސް، 14 ނަންބަރު ގޮޅިއަށް ވެއްދިތަން ފެނުނެވެ. މީނާއެއްރޭ މާލޭގައި ބަހައްޓާފައި ތަންކޮޅެއް ރަނގަޅުވީމާ ޖަލަށް އަނބުރާ ގެނައީއެވެ.
11 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 353 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. މ.ދިލޭރާމުގޭ އަބްދުލް ހަންނާނަށް، 3 އަހަރު ދުވަހަށް ޖަލަށް ލުމަށާއި 1 އަހަރު ދުވަހަށް އަރުވާލުމަށް ހުކުމްއިއްވައި ޖަލުގެހުކުމް ތަންފީޒުކުރުމަށް ޖަލަށްގެންދިޔަ ޚަބަރު މިއަދު ލިބުނެވެ. މިއީ ހެރިންސް ހަންނާނެވެ. ގެންދިޔައީ ގާމާދޫޖަލަށެވެ.
12 ޑިސެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 354 ވަނަ ދުވަހެވެ. މިއަދު ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރު ގެނައެވެ.
13 ޑިސެންބަރ 1991 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 355 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.
14 ޑިސެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 356 ވަނަ ދުވަހެވެ. ބޮޑުސައްޕެއަށް މިއަދު، 11 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. އަލަށް އެކުލަވާލެވުނު ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. އަދި މިއަދު ހަންދު މާލެއަށް، ހޮސްޕިޓަލަށް ގެންގޮސް ގެނައެވެ.
15 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 357 ވަނަ ދުވަހެވެ. މިއަދުވެސް ހަންދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރުއޮންނަ ބޯޓުން، 14 ނަންބަރު ގޮޅީގައިއޮތް އިބުރޭމާލެ ގެންދިޔައެވެ. ނުގެންނަގޮތަށެވެ. ހީވަނީ ގާމާދޫޖަލަށް ބަދަލުކުރީ ހެންނެވެ.
16 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 358 ވަނަ ދުވަހެވެ. މިއަދު ގެއިންފޮނުވާ ކާނާވަށިގަނޑު ލިބުނެވެ. ވަރަށް ގިނަސާމާނު ހުއްޓެވެ. ކައިރި ގޮޅިތަކަށް ބައެއް އެއްޗެހި ބެހީމެވެ.
17 ޑިސެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 359 ވަނަ ދުވަހެވެ. މިއަދުމޫދަށާއި ކަސްރަތަށް ނެރުނެވެ.
18 ޑިސެންބަރ 1991 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 360 ވަނަ ދުވަހެވެ. ކުރީދެދުވަހާއެކު މިއަދުވެސް ވަރަށް ވިއްސާރައެވެ. މިއަދު އާދަޔާޚިލާފަށް ގަދަދުވަހެކެވެ. ވިއްސާރަބޯކޮށް ވެހުނު ދުވަހެކެވެ. މިއަދު ހަންދު އަންހެނުންނާ ބައްދަލުކުރަން މާލެއަށް ގެންގޮސްފައި ގެނައެވެ. އަދި އަބްދުﷲ ހުސައިނަށް މިއަދު، 6 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. މިހާރުއެއެންމެން ތިބެނީ، ގާމާދޫގައި އެއްގޮޅިއެއްގައި ކަމަށްވެސް ޚަބަރުލިބުނެވެ.
19 ޑިސެންބަރ 1991 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 361 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ.
21 ޑިސެންބަރ 1991 ވީހޮނޮހިރު ދުވަސް، ޖަލުގައި ހުންނަތާ، 363 ވަނަ ދުވަހެވެ. މިއަދު ކަސްރަތަށާއި މޫދަށް ނެރުނެވެ. އިތުރަށް ވަކިން ޚާއްސަކަމެއް ނުހިނގައެވެ.
22 ޑިސެންބަރ 1991 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 364 ވަނަ ދުވަހެވެ.
އަޅުގަނޑަށް ފެނުނު އާދަޔާޚިލާފު ހުވަފެނެއްގެ ވާހަކަ:
ރޭގައި ވަރަށް އާދަޔާޚިލާފު ހުވަފެނެއް ފެނުނެވެ. މިހުވަފެން ފެނުނީ، ފަތިސްނަމާދުގެ ކުރިންނެވެ. ފެންނަނީ ހެންވޭރު ބޯޅަދަނޑަށް މުޅިރައްޔިތުން އެއްވެފައި އޮއްވައެވެ. އަޅުގަނޑުވެސް އެމީހުންގެ ތެރޭގައި ނަގާކިޔަން ހުރީމެވެ. އެތާނގައި ހުއްޓާ ފެންނަނީ، އުޑުމަތީގައި ރީތިކޮށް ދެއިރުހުރެފައި ދެއިރުކާރިވަމުން އައިސް އެއްއިރު އަނެއްއިރައި ޖެހި އަނދިރިވެގެން ގޮސްފައި އެއްއިރު ވެއްޓުނީ، މާލޭން ބޭރަށް ކަނޑަށެވެ. އަނެއްއިރު ވެއްޓުނީ، ބޯޅަގޭގެ އުތުރުދޮރާ ދިމާއަށެވެ.
ސްކޫލްކުއްޖަކު އެވެއްޓުނު އިރުގައި ފައިންޖެހީއެވެ. އެކުއްޖާ އެއިރުގައި ކޮޅުފައިން ޖެހުމުން އެއްބައި ތެޅިފައި އޮއްވާ، އަޅުގަނޑު އެއިރު ނަގައިގެން ގެނައީ ބޯޅަގޭގެ ތެރޭގައި ޖަހާފައިހުރި ފޭލިގެއަކަށެވެ. އެފޭލިގޭ ތެރޭގައި ތިއްބެވީ، ދިވެހި ހައްޖުވެރިންގެ ބޮޑުން ކަމުގައިވާ، އަތަމާ އަބްދުއްލަތީފާއި އޮގަރު މުހަންމަދުފުޅާ ދިއްދޫ އިބްރާހީމް ކަލޭފާނެވެ. މިބޭފުޅުން ތިއްބެވީ ހައްޖާގުޅޭ ކަމެއްގައި ވާހަކަ ދަށްކާށެވެ. ވެގެން މިއުޅޭގޮތް އެތިން ބޭފުޅުންނަށް އަޅުގަނޑު ކިޔައިދިނުމުން އަބްދުއްލަތީފު ވިދާޅުވިއެވެ.
ތިޔައީ އެއްވެސް ކަމެއްނޫނެވެ. ބިރުނުގަންނާށެވެ! އިރުގެ ކިތަންމެކުޑަ އެތިކޮޅެއް އޮތްނަމަވެސް، އެއެތިކޮޅު ސަލާމަތުން އޮތިއްޔާ އަލުން އިތުރުއިރެއް އުފެދޭނެކަމަށް އަޅުގަނޑަށް ވިދާޅުވެ ދެއްވިއެވެ. އެއްވެސް ބިރެއްނެތެވެ! އެއްގޮތަކަށް ވެސް ބިރުނުގަންނާށެވެ! ދެން ހަމައިސާހިތަކު އަވިދޭން ފަށައިފިއެވެ. ހިޔަނިވެސް ހުންނަތަން ފެންނަން ފަށައިފިއެވެ. އެންމެން އުފާވެރި ވެއްޖެއެވެ. މުޅިރައްޔިތުން އުފަލުން ހިނިތުން ވެއްޖެއެވެ.
މިހުވަފެނާމެދު އެކިގޮތްގޮތަށް ވިސްނަން ވަރަށް ގިނައިރު އެނދުމަތީގައި އޮތީމެވެ. މެންދުރާ ހަމައަށް ވެސް މިހުވަފެނުގެ ހަނދާނާއި ވިސްނުމުގެ ތެރޭގައި އުޅެންޖެހުނެވެ. ހުރިހާގޮތަކަށް ވިސްނުމަށް ފަހު، ހިތުތެރޭގައި ގެންގުޅެވުނު ތަޢުބީރަކީ މިއެވެ. ބޭރަށް ވެއްޓުނު އިރާ، ޑޮކްޓަރ ވަހީދު ފުރައިގެން ރާއްޖެދޫކޮށް ވަޑައިގަންނަވަން ޖެހުނު ކަންތައްތަކާ ގުޅުމެއް ވާކަމަށް ވިސްނުން ގެންގުޅެވުނެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާ މިހުވަފެނާ ގުޅުވައިގެން ވިސްނުންތަކެއް ގެންގުޅެވުނެވެ.
ރައްޔިތުން ތެރެއަށް ވެއްޓުނު އިރަކީ، ސިޔާސީގޮތުން އަޅުގަނޑު މެންނަށް ކުރިމަގުގައި ލިބޭނެ އުޖާލާއަލިކަމެއް ކަމުގައި ނިންމީމެވެ. ހިތްވަރު އާލާކުރުމަށް މިހުވަފެނުގެ ތަޢުބީރުން އަޅުގަނޑަށް ބައިވަރު ފިލާވަޅުތައް ލިބުނެވެ. އަތަމާ އަބްދުއްލަފީފާއި އޮގަރު މުހަންމަދުފުޅާއި ޑީއައިކޭ އާއެކު، އަޅުގަނޑުމެން ފޭލިގޭތެރޭގައި ތިބުމަކީ، ޢަރަފާތުބިމުގައި އަޅުގަނޑުމެން އެކުގައި އެކިފަހަރުމަތިން އުޅެވިފައިވާ ދުވަސްތަކާއި ދުޢާތަކާ ގުޅުވާލެވޭނެ މަންޒަރެކެވެ. ކުރިމަގު އުޖާލާކަމުގެ ދަލީލެކެވެ. މިބޭފުޅުންނަކީ އަޅުގަނޑު ބައްޕައިން ކަމުގައި ގަބޫކުރާ މާތްބޭފުޅުންނެވެ.
މިއަދު އަންނި މާލެ ގެންދިޔައެވެ. ބައްޕައާއި މަންމައާ ބައްދަލުކުރުމަށެވެ. ހަވީރު ވަގުތެއްގައި، 14 ނަންބަރުގޮޅިއަށް ޑްރަގް މައްސަލަ އެއްގައި ސައުދުﷲ ކިޔާމީހަކު ގެނައެވެ. އަދި، 12 ނަންބަރު ގޮޅިއަށް، މީހަކުމަރާލާއި ވަޅިއަކުން އޭނާގެ ދޫބުރިކޮށްލާއި ހަށިގަނޑުގެ އެކިތަންތަނަށް ވަޅިހަރާހަދައިގެން، 17، 18 އަހަރަށްދާ ވަރުގެ ކުއްޖެއް ގެނެސް ލިއެވެ. މިއީ ގާޑުންދިން މައުލޫމާތެވެ.
23 ޑިސެންބަރ 1991 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 365 ވަނަ ދުވަހެވެ. މިއަދަކީ، ސަލްޓަންޕާކްގައި ގޮއްވާލިކަޓޫރަ ބޮމުގެ މައްސަލާގައި ޖަލަށް ގެނައިތާ ބަރާބަރު އެއްއަހަރު ފުރުނު ދުވަހެވެ. ކުރީރޭގެ ހުވަފެނާ ޖަލުގައި އަހަރެއް ވީކަމާއި މިހުރިހާ ކަމަކާ ވިސްނާއި ފިކުރު ކުރުމުގައި މިއަދުގެ ގިނަވަގުތު ހޭދަކުރެވުނެވެ. ކުރެވުނު ބައެއް ފިކުރުތައް ލިޔެހެދީމެވެ. އަޅުގަނޑުމެންގެ ސިޔާސީ ކުރިމަގު އޮތީވަރަށް އުޖާލާކޮށްކަމަށް ނިންމާއި ހިތްވަރުއާލާ ކުރީމެވެ. މިވާހަކަތައް ހިއްސާކޮށް އަންނިއާއި ސައްޕެއާއި އަޅުގަނޑުމެން ހިތްވަރު ލިބިގަތީމެވެ. އަޅުގަނޑުމެންގެ ހިތްވަރުގަދަކޮށް، ﷲއަށް ދުޢާ ދެންނެވީމެވެ.
24 ޑިސެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 366 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. ގެއަށް ސިޓީއެއްލިޔެ ފޮނުވައި ދިނުމަށް އެދި ސަރުދާރު އަތަށް ދިނީމެވެ.
28 ޑިސެންބަރ 1991 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 370 ވަނަ ދުވަހެވެ. 25، 26، 27 ދިޔައީ އެއްވެސް ކަމެއް ނެތިއެވެ. ހަމަގޮޅީގައި ތިބީއެވެ. ކްރިސްމަސް ދުވަސްތަކައް ވީމާކަމަށް ވެދާނެއެވެ. އެހެނަސް މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. އަދި ހަވީރު ގެއިން ސިޓީއެއް ލިބުނެވެ. ވިދާދު، އިފު، އިދުގެ ސިޓީހުއްޓެވެ. ދޮންދައްތަގެ ސިޓީވަރަށް ދިގެވެ. މިސިޓީތައް އެއްފަހަރާ ލިބުނީމާ ވަރަށް އުފާވިއެވެ.
ފަހަރަކު ސިޓީއެއް ކިޔުމުގައި އެތައްއިރެއް ދުއްވާލީމެވެ. އަދި އަޅުގަނޑުގެއަށް ފޮނުވި ސިޓީއަނބުރާ އަޅުގަނޑަށް ފޮނުވާފައި އޮތެވެ. އެއީ އަޅުގަނޑު އެގޮތަށް އެދިގެންނެވެ. އެސިޓީ އެއްލާނުލާ ބޭއްވުމުގެ ވިސްނުމުގައެވެ. މިހާރުވެސް އެސިޓީތައް އަޅުގަނޑު އަތުގައި ރައްކާކޮށްފައި ހުންނާނެއެވެ. އެކަންކުރީ އަޅުގަނޑުގެ ބައެއް ލިޔުންތަކުގައި އެސިޓީތައް ބޭނުންކުރުމުގެ މަގްސަދުގައެވެ.
31 ޑިސެންބަރ 1991 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 373 ވަނަ ދުވަހެވެ. 29، 30 މިދެދުބަހު ޚާއްސަކަމެއް ނެތެވެ. މިއަދު މޫދަށާއި ކަސްރަތަށް ނެރުނެވެ. 14 ނަންބަރު ގޮޅީގައިއޮތް، ސަޢަދުﷲ ގެންގޮސް، 4 ނަންބަރު ގޮޅިއަށްވައްދާއި، 14 ނަންބަރު ގޮޅިއަށް ވަރަށްވަރުގަދަ ކޮށްހުރި ޖަރުމަނު ވިލާތުގެ މީހަކު ޗޭނުބިޑި އަޅުވައިގެން ގެނެސްވެއްދިއެވެ. ގޮޅިއަށް ލީފަހުންވެސް މީނާއަށް ވަރަށް އަހުވާދައްކާ އަޑުފަށްގަނޑު އިވެމުން ދިޔައެވެ. މީނާކޮށްގެން އުޅޭވަކިކަމެއް އޮޅުމެއް ނުފިލިއެވެ.
މިރެއަކީ، އާއަހަރެއް ފެށޭރޭކަމާއި އެކަމުގެ އުފާއެންމެން ހާސިލުކުރާ ރޭކަން އަބަދުވެސް ހަނދާނުގައި ހުއްޓެވެ. ހިތްވަރު ވަރުގަދަކޮށް އާޢަޒުމްތަކާއެކު އުފާކޮށްލަކޮށްލާ، ﷲއަށް ޝުކުރު އަދާކުރުމުގައި ވަގުތުކޮޅެއް ހޭދަކުރީމެވެ. އާއަހަރުގެ ހެޔޮއެދުން ތަކާއެކު ނިދުނީ، ރޭގަނޑު ބާރަޖެހި ފަހުންނެވެ. މިފެށުނީ ޖަލުގައި ހޭދަކުރާ އާއަހަރެކެވެ. މާދަމާއަކީ، 1992 ވަނަ އަހަރުގެ ފުރަތަމަ ދުވަހެވެ. އަދި ރޭގެނިދުމުގެ ކުރިން ސަރުދާރު ދުރުވެ މާދަމާމެންދުރު، 12 ޖަހާއިރަށް އަތުގައިހުރި ތަކެތިޕެކްކޮށްގެން ތައްޔާރަށް ހުރުމަށް އެންގިއެވެ.
މާދަމާ ގާމާދޫޖަލަށް، ކ.ހިންމަފުއްޓަށް ގެންދިއުމަށް ހަމަޖެހިއްޖެ ކަމަށް ބުނެދެއްވިއެވެ. ދޫނިދޫ ކުޑަގޮޅީގެ، ބައި މިއަދާހަމައިން ނިމެނީއެވެ. ގާމާދޫއަށް ބަދަލުވާ ދުވަސް އެނގުނީއެވެ. ތައްޔާރުވެގެން ތިބެން އެންގިމީހުންނަކީ، އަޅުގަނޑާއި ސައްޕެއާއި ވިސާމާއި ނާސިރާއި ހީރޯއާއި އަލިފާނުގެ މައްސަލާގައި ބަންދުގައިހުރި އިބުރޭއަށެވެ. އިބުރޭ ހުންނަނީ ބޯގޯސްވެފައެވެ. ވިސާމާއި ނާސިރާއި ހީރޯއަކީ ވެސް މާލެތެރޭގައި އަލިފާންރޯކުރި މީހުންނެވެ. އެއްޖަލުން އަނެއްޖަލަށް ބަދަލުވާއިރު މީހާއާއި ތަކެތި ޗެކްކުރާނެކަން އެގުމުން ވަރަށް ކަންބޮޑުވިއެވެ.
އަޅުގަނޑު ގެންގުޅޭ ސާމާނުތައް ސިފައިންނަށް ނުފެނި، ގާމާދޫ ޖަލަށް އެތެރެކުރާނެ ގޮތަކާމެދު ވަރަށް ފިކުރުކޮށް ގޮތްތަކެއް ރާވާ ނިންމީމެވެ. އަތުގައި ނުރައްކާ އެއްޗަކަށް ހުރީ، ދެމޮހޮރަކާއި ވަރަށްކުޑަކުޑަ ރޭޑިޔޯއަކާއި އެރޭޑިޔޯގެ ޗާޖަރަށް ލައްވާ ވޯކީޓޯކީ ސައިޒުގެ، 4 ބުރި ބެޓެރީއެވެ. މިކުޑަކުޑަރޭޑިޔޯ ހޯދިގޮތުގެ ވާހަކަ، 1 ޖެނުއަރީ 1992 ދުވަހުގެ ބައިގައި ވަރަށް ތަފްސީލުކޮށް ގެނެސް ދޭނަމެވެ. އެބައިފަށާނީ، “ޖަވާހިރުވާދީ އިލްޔާސް ތިންވަނަފަހަރު ޖަލަށްލުން، ބާބު ދޭއް.” މިސުރުޚީގެ ދަށުންނެވެ. މިހާހިސާބުން މިބައި ނިމުނީއެވެ.