ޖަވާހިރުވާދީ އިލްޔާސް، ތިންވަނަފަހަރު ޖަލަށްލުން. ބާބުދޭއް.
01 ޖެނުއަރީ 1992 ވީ ބުދަދުވަސް، ޖަލުގައި ހުންނަތާ، 374 ވަނަ ދުވަހެވެ. މިއަދުހެދުނު ސައިބޮއި ނިމިގެން ބަދަލެއް އަންނަނީކަމުގެ އުފަލުގައި ހުއްޓާ، މެންދުރު އެކެއްޖެހިއިރު އަޅުގަނޑުބަލާ ސިފައިން އަތުވެއްޖެއެވެ. މިޚަބަރު ލިބުނީއްސުރެ އެންމެ ކަންބޮޑުވަމުން ދިޔައީ ޖަލުގެގޮޅިތައް ބެލެހެއްޓުމަށް ފޯރިއަށް އައިސްއުޅޭ ސިފައިންގެ އޮފިސަރެއްލައްވާ، އަޅުގަނޑުގެ ގެއިން ގެނުވައިގެން އަޅުގަނޑު އަތުގައި ފޮރުވައިގެން ގެންގުޅޭ ޖަޕާން ސޮނީކުންފުނިން އުފައްދާފައިވާ ވަރަށްކުޑަކުޑަ ކޭޝްކާޑްސައިޒްގެ އެފްއެމް، އަދި އޭއެމްލިބޭ ރޭޑިޔޯއެއް އަޅުގަނޑު އަތުގާގޮޅީގައި އޮތީމާއެކަމާއެވެ. އެއްޖަލުން އަނެއްޖަލަށް ބަދަލުކޮށް އާޖަލަކަށް ވައްދާއިރު މާގަދަޔަށް ފާސްކޮށް ބަލާފާނެ ތީއެވެ. މިއީ އާންމުކޮށް އެހެން ގައުމުތަކުގައި ހިންގާކަމެކެވެ. އެހެންވެ ރާއްޖޭގައި ވެސް މިކަންމިގޮތަށް ހިންގަފާނެކަން އަޅުގަނޑަށް ލަފާކުރެވޭ ތީއެވެ. މިއަދު ކުރަންމިއުޅޭ ކަމަކީ ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރާށެވެ. މިއީ ކުޑަކުޑަ ޗާޖަރަކަށް ޖަހާލުމުން ޗާޖްވާގޮތަށް، އަދި ވަރަށްކުޑަކުޑަ އިއަރފޯނެއް ހިމަހިމަ ވާގަނޑެއް ބޭނުންކޮށްގެން އަޑުއެހޭގޮތަށް ހަދާފައި އޮންނަ، އެކުންފުނީގެ އެންމެކުދި ސައިޒުގެ ރޭޑިޔޯއެކެވެ. .ބޮޑުމިނަކީ ކޭޝްކާޑެއްގެ ސައިޒެވެ. ބޯމިނުގައި ދެސޫތުވަރު ހުންނާނެއެވެ