Monthly Archives: މާޗް 2010

ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެން އެކުގައި ޗުއްޓީ ނެންގެވުމަކީ ގައުމަށްހުރި ސީދާ ގެއްލުމެއް!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދިވިދިގެން ދެމަސްދުވަހުގެ ޗުއްޓީއެއް، ހުރިހާމެންބަރުން އެކުގައި ނެންގެވުމަކީ ވަރަށް ބޮޑުގޯހެކެވެ. ރަނގަޅު ކަމެއްނޫނެވެ. ގައުމަށްހުރި ބޮޑުނުބައެކެވެ. ގައުމަށް ފައިދާހުރި ގޮތެއް ނޫނެވެ. ދައުލަތުގެ ތިންބާރުންކުރެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް، 60 ދުވަހުގެ ދިގުމުއްދަތަކަށް ޗުއްޓީއެއްގައި ބޭއްވުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. މުޅިގައުމު ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން އުޅޭދުވަސް ވަރެއްގައި ރައްޔިތުންގެ މަޖިލިސް އެހާގިނަދުވަހު އެއްނުވާގޮތަށް އޮތުމަކީ، އެއްވެސް ހާލެއްގައި ހަމަޖެހޭ އުސޫލެއްނޫނެވެ. ހިތާމަހުރި ކަމެކެވެ.

ދައުލަތުގެ ދުސްތޫރުގައި އޮންނަނީ މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވާނީ، 3 ދައުރެއްގެ މައްޗަށެވެ. އަސާސީ ދުސްތޫރުގެ، 83 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދުގައި އެތިންދައުރު ބަޔާންކޮށްފައި އޮންނަނީ، މާޗް މަހުގެ އެކަކުން އޭޕްރީލްގެ ނިޔަލަށެވެ. އަދި ޖޫންމަހުގެ އެކަކުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި އޮކްޓޯބަރ މަހުގެ އެކަކުން ފެށިގެން ޑިސެންބަރުގެ ނިޔަލަށެވެ. މިދައުރުތައް މަޖިލީހުގެ ގަވާޢިދުގައި ބަހާލެވިފައިވާ ގޮތުން، 12 މަސްދުވަހުގެ ތެރެއިން އެބޭފުޅުން ރަސްމީ މަސައްކަތް ކުރައްވާނީ، 8 މަސް ދުވަހުއެވެ. 3 މަހުގެ ދެދައުރާއި 2 މަހުގެ އެއްދައުރެވެ.

ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޚުޠްބަތުލް ޢަރްޝި، 2010 !!

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެމަސްދުވަހުގެ ދިގުޗުއްޓީއަށް ފަހު، މަޖިލީހުގެ އާދައުރެއް މާޗްމަހު އެކެއްގައި ފެށިއްޖެއެވެ. 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާދައުރެއް ފެށިގެން ދިޔައީ ދިވެހިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާ އަލްފާޟިލް މުހަންމަދު ނަޝީދު ގެ ޚުޠްބަތުލް ޢަރުޝިއާ އެކުގައެވެ. ދައުލަތުގެ ވެރިޔާގެ ކުރިމަތީގައި ހުރި ޕޯޑިއަމް ތެރެއިން ފެންނަންހުރި ސްކްރީނަކުންނާއި ކަނާއަތްފަރާތާއި ވާއަތް ފަރާތުގައި ހުރިރީތިހިމަ ދަނޑިއެއްގައި ހަރުކޮށްފައިވާ ވަރަށްއޮމާން ނޭންގޭކަހަލަ ބިއްލޫރި ކޮޅަކުން ބައްލަވައިގެން ވިދާޅުވަމުން ގެންދެވި ވަރަކަށް، ރޯލްކުރެވެމުން ދިޔަ ޚުޠްބަތުލް ޢަރުޝި ހިމެނިގެން ދިޔައީ އޭފޯސައިޒުގެ ގަނޑަކަށް ދެސަފްޙާ ފެތޭގޮތަށް ބަހާލެވިފައިވާ، 35 ސަފްޙާގެ ވަރަށްވަރުގަދަ އިންޒާރެއް ހިމެނިގެންދިޔަ އާދަޔާޚިލާފު ޖަޒްބާތީ ޚުޠުބާއަކަށެވެ. އެއިންޒާރަކީ މިއެވެ. “މި ނިޒާމުގެ ޠަބީޢަތުން ބޭރުން މިވެރިކަމަށް ލޮޅުމެއް ގެނެސް، ލާހިކުނޫން ބަދަލަކަށް އުންމީދު ކުރަނީނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން އަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަކަށް ނޫން. ވާދަވެރި ފަރާތްތަކަށް ވެސްމެ. އަޅުގަނޑު ނުދެކެން، މިއީ އަޅުގަނޑުމެން އެކަކުވެސް ކަންވުމަށް އެދޭނެގޮތް ކަމަކަށް. ބުއްދިވެރި ގޮތަކީ، މިވަގުތު އެފަދަޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ގައުމީ ތަރަހަތައް ބިނާކުރުން.” ފަހެ، މިއީ ކޮންމެހުކުރު ދުވަހެއްގެ ޟުޙާވަގުތުގައި ދައުލަތުގެ ވެރިޔާ ދެއްވާ ޚުޠުބާތަކުގެ އަހަރީމައި ޚުޠުބާއެވެ. ބައެއްސިޔާސީ ލީޑަރުން ބުނާގޮތުގައި “ބިސްމިﷲއް ރަޙްމާނިއްރަޙީމް. ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް. އައްސަލާމް ޢަލައިކުމް” މިކަލިމައިން ފަށްޓަވައި “ވަލްޙަމްދުލިއްލާހި، އައްސަލާމް ޢަލައިކުމް” މިކަލިމަ ވިދާޅުވަމުން ނިންމާލެއްވި ޚުޠުބާގައި ދިވެހިންގެ މާތްވެގެންވާ މުގައްދަސް ދީން ކަމުގައިވާ “އިސްލާމްދީން” ގެ ނަން އެއްގޮތަކަށް ވެސް ގެންނަވާފައެއް ނުވެއެވެ.