Monthly Archives: ނޮވެމްބަރު 2009

އިސްތިބްދާދީ އަނިޔާވެރި ވެރިކަމެއްގައި ވުޖޫދަށްގެނެވުނު ސިޔާސީޕާޓީ، އެމްޑީޕީން ޙަޤީޤީމަޤްޞަދު ދަމަހައްޓާއި ޙާޞިލްކުރުން ވަރަށް މުހިންމެވެ.

ދިވެހި ރާއްޖޭގެ މުޅިސިޔާސީ ހަޔާތުގައިވެސް، ސުމުއްވުލް އަމީރު މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަމިއްލަފުޅަށް އުފެއްދެވި ސިޔާސީޕާޓީ ކަމުގައިވާ “މުތަގައްދިމުޕާޓީ” އަށްފަހު، ދިވެހި ޖައްވަށް ނޭވާލި ހަގީގީ ސިޔާސީޕާޓީއަކީ، “މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ” (އެމްޑީޕީ) އެވެ. މިކަން ހަގީގަތަކަށް ހެދުނީ، އެއްވެސް ޝައްކެއް ވަސްވާހެއްނެތް ގޮތުގައި އެތައްދިވެހި ދަރީންނެއްގެ ގުރުބާނީތަކާއި މިންނަތް މަސައްކަތުންނެވެ. ޒަމާންތަކެއް ވަންދެން ވެރިކަމުގެ އަމިއްލަބާރާއި ނުފޫޒު ދެމެހެއްޓުމުގެ ބޭނުމުގައި ވަރުގަދަކޮށް ފައިއޮތް ސިފައިންގެ ވަހުޝީ އަނިޔާތަކުގައި ކެތްކޮށްގެންނެވެ. އަދި ރާއްޖެއާއި ރާއްޖޭންބޭރުގައި ކުރެވުނު، އަގުހުރި ތާރީޚީ، މަސައްކަތް ތަކެއްގެ މީރުމޭވާއިންނެވެ. މުޅިއިސްލާހީ ހަރަކާތަށް ބަލާއިރު، އެންމެއަގުބޮޑީ ލޮބުވެތި ދިވެހި ފަސްގަނޑުގައި ތިބެގެން ދެވުނު ގުރުބާނީތަކެވެ. ކަތިލެވުނު ކަތިލެވުންތަކެވެ. މަރުވެޝަހީދުވެ ދިޔަ ފުރާނަތަކެވެ. އިސްތިބްދާދީ ވެރިކަމުގެ ބާރުތަކުން އޮހުރުވާލި ލެޔާއި ދުވަސްދުއްވާލި އެތައްދިވެހި ދަރީންނެއްގެ ޖިސްމުތަކެވެ. ދާއިމަށް އަނިޔާގައި އުޅެންޖެހިފައިވާ ހަށިތަކެވެ. މުޅިއުމުރަށް ތަދާއި ވޭނުގައި އަނިޔާތައް އުފުލަން ޖެހިފައިވާ ގުނަވަންތަކާއި މައިބަދަތަކެވެ. މުޅިއުމުރަށް މޮޔަކޮށްލާފައިވާ ސިކުނޑިތަކުގެ އަހުލު ވެރީންނެވެ. ޖަލަށްލާފައި ނެރޭއިރުބައެއް މީހުންތިބެނީ މޮޔަވެފައެވެ. ރައްޔިތުންގެ މަޖިލިސް ތެރޭގަޔާއި ރައްޔިތުންގެ ޚާއްސަމަޖިލިސް ތެރޭގަޔާއި މިދެމަޖިލީހުން ބޭރުގައި އެހެނިހެން ފޯރަމް ތަކުގައި އަޑުއުފުލާއި ގޮވާލެވުނު ހައްގުބަސް ތަކެވެ. ދޫދިނުމެއްނެތި އެއްވާނެއްގައި ޒަމާނާއެއްގޮތަށް ކުރިއަރާފައިވާ އިސްތިބްދާދީ ސަރުކާރުގެ ޒާތްޒާތުގެ އަނިޔާވެރިކަމާ ކުރިމަތިލާންކެރި، ދޫނިދޫކުޑަ ގޮޅިތަކުގެ އަނދިރީގައި ތިބެގެން ދިވެހިދަރިން ދީފައިވާ އަގުހުރި ގުރުބާނީތައް ނުދެވުނުނަމަ، ބޭރުގައި އަރުވާލެވިގެން ތިބިމަދު ލީޑަރުންކޮޅަށް، އަދި ބައިނަލްއަގްވާމީ މުޖްތަމައުން ކުރާނެ، އަދި ކުރެވޭނެ ކަމެއް އޮތީސްތޯއެވެ؟ ނުއޮންނާނެ ކަން ކަށަވަރެވެ!

ރައީސް މައުމޫނު ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ ޚިލާފަށް ވެރިކަންކުރާ ޕާޓީއެއްގެ ގޮތުގައި ގެންގުޅުއްވާ ޑީއާރުޕީގެ މާމުއި ހަނދުގެ ދޯދިތައް!

ނޯޓް: މިމަޒްމޫނަކީ، ސިޔާސީ ފިކުރުހުންނަ ޒުވާން ކިޔަވާކުދިން ތަކުރާރުކޮށް ކިޔާއި ރައްޖޭގެ ސިޔާސީ މަސްރަހު އެދުވަސްވަރު އޮތްގޮތް ދެނެގަނެ ދިރާސާކޮށް ލުމަށް ވަރަށް ރަނގަޅު ފިލާވަޅު ތަކެކެވެ.

އާދެ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! އަދި ލޮބުވެތި ޒުވާން ކިޔަވާ ކުދިންނޭވެ! ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިންނާވަޑައި ގަންނަވާށެވެ! ގައުމާމެދު ސިޔާސީފިކުރު ކުރުމަކީ، މުހިންމު ކަމެކެވެ. ވަރަށް ބޭނުންތެރި ކަމެކެވެ. ފަހެ، ދަންނާށެވެ! ދިވެހި ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީ ކުރެވުނު ސިޔާސީޕާޓީ ކަމުގައިވާ، “ދިވެހި ރައްޔިތުންގެ ޕާޓީ” (ޑީއާރުޕީ) ގެ ފުރަތަމަ ގައުމީ ޖަލްސާ، ކޮންގްރެސް ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގެ ރިޔާސަތުގައި އެނައުސްމަންޓަކާ އެކު، ވަރުގަދަ އަތްތިލަ ބަނޑިއަކުން ވެޑުވީ، ދައުލަތުގެ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢުއެވެ. ޑީއާރުޕީގެ ވަގުތީ ރައީސެއްގެ ހައިސިއްޔަތު ކޮންމެވެސް ގޮތަކަށް އެމަނިކުފާނަށް އެރުވިގެން ދިޔައީއެވެ. މިއީ އެއްވެސް ޝައްކެއް ވަސްވާހެއް ނެތްގޮތުގައި ރައީސް މައުމޫނު ނިންމެވި ނިންމެވުމެއްކަން ކަށަވަރެވެ. މިރަސްމިއްޔާތުގައި މިކަން ހަމަޖެހިގެން ދިޔައީ، ވިދާޅުވި ވިދާޅުވުމާ އެއްގޮތަށް ޝަފީއުގެ ނަންފުޅު އިއްވެވުމުން، އިންތިޚާބުވެ ނިމިއްޖެކަން މެންބަރުންގެ ހޫނުގަދަ އަތްތިލަބަޑީގެ އަޑުފަށްގަނޑު މުޅިހޯލުތެރެއަށް ގުގުމާލުމާ އެކުގައެވެ.

ދުވަސްވީ އިސްތިބްދާދީ ވެރިކަމެއްގައި ސިޔާސީޕާޓީއެއްގެ ފެށުން.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން، ސިޔާސީޕާޓީ އުފެއްދުމާ ބެހޭ ޚާއްސަގާނޫނެއް ފާސްކޮށް އަދި ތަސްދީގު ކުރެވިފައި ނެތަސް، “ސިޔާސީޕާޓީ ގަވާއިދު 2005″ ސަރުކާރުން ނެރުއްވައި، އަމަލުކުރަން ފެއްޓެވި ހިސާބުން، ރާއްޖޭގައި ސިޔާސީޕާޓީ އުފައްދައި ހިންގުމުގެ ގާނޫނީބާރު ލިބުނީއެވެ.

އާދެ! މިހައްގު ލިބިގެންދަނީ، ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭބާރުގެ ދަށުން، އެކަށައަޅާ ގަރާރެއްގެ މަތިންނެވެ. ފަހެ، 42 ވަނަ މާއްދާއަކީ، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރުތަކާއި ރައީސުލް ޖުމްހޫރިއްޔާ ކުރަންޖެހޭ ކަންތައްތައް ބަޔާންކުރާ، ފުދޭވަރަކަށް ދިގު މާއްދާއެކެވެ. މިމާއްދާގައި (ހ) އިން ފެށިގެން (ވ) އާ ހަމައަށް 8 އަކުރުގައި އެތައް ކަންތައްތަކެއް ރައީސުލް ޖުމްހޫރިއްޔާ އަށް ހުއްދަކުރައްވައި ބަޔާންކުރެވިފައި ވެއެވެ. ފަހެ، މިމާއްދާއިން ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭބާރުގެ ދަށުން، އެމަނިކުފާނަށް ދިވެހި ރާއްޖޭގައި ސިޔާސީޕާޓީތައް އުފައްދައި ވުޖޫދަށް ގެނެސް ހިންގުމަށް މަގުފަހިކޮށް ދިނުމަށް މަޖްބޫރުވީ ހިނދު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި ލަފާގެމަތިން، އެކަށަހަޅުއްވައި ނެރުއްވި، ނަންބަރ: 95/2005 ގަރާރުގެ ދަށުންނެވެ. މިގަރާރުގެ ބައެއްގެ ގޮތުގައި ހިމަނާފައިވާ، “ސިޔާސީ ޕާޓީގެ ގަވާއިދު 2005″ ހިންގުމަށް، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް އަމުރުކުރެއްވި ހިނދު، އެހައްގު ފުރިހަމައަށް ދިވެހިންނަށް ލިބުނީއެވެ. މިގަރާރަށް ކިޔަނީ، “ސިޔާސީ ޕާޓީގެ ގަވާއިދާބެހޭ ރައީސުލް ޖުމްހޫރިއްޔާގެ ގަރާރު” މިހެންނެވެ. އިސްތިބްދާދީ ވެރިކަމެއްގައި ފުރަތަމަ ފަހަރަށް ސިޔާސީޕާޓީ އެއްގެ ފެރުން ވުޖޫދަށް ގެނެވުނީ، މިގޮތަށެވެ.

ބޮޑުމަޖިލީހުގައި މަޖިލިސް ރޯގާ އަޅައިފިއެވެ.

އާދެ! ދިވެހިދައުލަތުގެ ބޮޑުމަޖިލިސް ކަމުގައިވާ ދިވެހި ރާއްޖޭގެ ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރެވޭނީ، އެމަޖިލިސް އެއްކުރަން ބޭނުންވާކަމަށް ރައީސުލް ޖުމްހޫރިއްޔާއަށް ފެނިއްޖެ ހިނދެއްގަޔާއި ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރުމަށް ފާސްކޮށްފި ހިނދެއްގައެވެ. މިދެ ދަނޑިވަޅުގައި ވެސް މަޖިލިސް އެކުލަވާލުމަށް އަންގާނީ، ރައީސުލް ޖުމްހޫރިއްޔާއެވެ.

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ވާގޮތުގެ މަތިން، ބޮޑުމަޖިލިސް އެކުލަވާލެވޭނީ، މިދެގޮތުންކުރެ ގޮތަކުން އެކަންޏެވެ. ރޯގާ ޖަރާސީމަކީ، ފުރާނަހުންނަ ތަކެތީގަޔާއި ފުރާނަ ނުހުންނަ ތަކެތީގައި އަށަގަންނަ، އެކަތިން އަނެކައްޗަށް ބަދަލުވުމުގެ ގާބިލުކަން ލިބިފައިވާ، އިންސާނާގެ ހަމަލޮލަށް ނުފެންނަ ވަރަށް ކުޅަދާނަކަން ލިބިފައިވާ، ކޮންމެވެސް ބާވަތެއްގެ ވިހައެއް އުފުލާ އެއްޗެކެވެ. މީގެ ހެއްކަކީ، ކޮންޕިއުޓަރ ފަދަ ތަކެތީގެ ހާޑްވެއަރގައި ޖަރާސީމު އަށަގަތުމެވެ. އަދި ހިކި ލަކުޑިފަދަ ތަކެތީގައި ޖަރާސީމު އަށަގަތުމެވެ. ސައިންސް ވެރިން އެންމެ ކަންބޮޑުވަނީ، އެއްވަށްތަރުން އަނެއް ވަށްތަރަށް ބަދަލުވެ ގަންނަގޮތާ މެދުގައެވެ. ދޫނިސޫފާސޫފިން އިންސާނުން ނަށެވެ. ޖަނަވާރުން އުފެދި އިންސާނުން ނަށެވެ. އަދި އިންސާނީ ނައުޢުން ޖަމާދާތަށެވެ. އަދި މިހާތަނަށް މަޖިލިސް ރޯގާ އުފަންވެ އަށަގެންފައިވަނީ ހަމައެކަނި، ދިވެހި ރާއްޖޭގެ ބޮޑު މަޖިލީހުގައެވެ. އާދެ! ރައްޔިތުންގެ ޚާއްސަ މަޖިލީހުގައެވެ.

ދިވެހި އޮބްޒާވަރަށް ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމް ޖަލުގައި ހުންނަވައިގެން ދެއްވި ވަރަށް ޚާއްސަ އިންޓަރވިއޫއެއް:

ނޯޓް: މިއީ އަޅުގަނޑު ދޫނިދޫ ޖަލުގައި ފަސްވަނަ ފަހަރަށް ބަންދުކުރި ބުރުގައި، ބަރާބަރު 89 ދުވަހު ޖަލުގެ ކުޑަގޮޅީގެ އަނިޔާގައި ގެންގުޅުނުއިރު އަޅުގަނޑާ ދޭތެރޭގައި ސިފައިން ކަންތައް ކުރިގޮތުގެ މުހިންމު ތަފްސީލްހިމެނޭ އިންޓަރވިއޫ އެކެވެ. މިއިންޓަރވިއޫގެ ބައިތައް ސިއްރިއްޔާތުގައި އަޅުގަނޑާ އެކިގޮތްގޮތުން ގުޅައިގެން ހޯއްދެވީ، ދިވެހި އޮބްޒާވަރ “ޑޫ” އަށް ވަރަށްގިނަ ލިޔުންތައް ލިޔުއްވި ޒުވާން އިލްމުވެރި އެކެވެ. ދުނިޔޭގެ ތާރީޚުން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ކުޅަދާނަ ޓީޗަރެކެވެ. އުސްތާޒެކެވެ. ފުންނާބު އުސް ލިޔުންތެރި އެކެވެ. ލިޔުންތެރި ކަމުގެ ތޮށިގަނޑު ފަޅާލުމުގައި ހަރަކާތްތެރިވި، ބިރުކުޑަ އެޑިޓަރެކެވެ. އާދެ! އަޅުގަނޑު، ދޫނިދޫޖަލުގެ ކުޑަގޮޅީގައި ހުރިއިރު އެކި ހާދިސާތައް ހިނގި ދުވަސްތަކާއި ތާރީޚުތައް ހަނދާނުގައި ބެހެއްޓުމަކީ، ވަރަށް އުދަގޫކަމެކެވެ. ކޮންމެ ދުވަހަކުހެން އެކަމަށް މަސައްކަތް ކުރަންޖެހުނެވެ. މިޒިންމާ އަދާކުރަން ކުރި މަސައްކަތުގެ ތެރޭގައި އެންމެ އުނދަގު ކަމަކަށް ކުރަންޖެހުނު މަސައްކަތަކީ، ދަތްއުނގުޅުމަށް ދިން ބުރުހުގެ ފަހަތުކޮޅު ފަންސުރެއްހެން ތޫނުކޮށް ހަދާއި ތުނޑަކަށް ބަދަލުކުރުމެވެ.

އަޟުހާ ޢީދުގެ ގުރުބާނީއަކަށް ވެގެންދިޔަ ޝަހީދު ސައްދާމް ޙުސައިންގެ ހަނދާނުގައި ދެތިން ޖުމްލައެއް!

އާދެ! ޝަހީދު ސައްދާމް ޙުސައިން ޢަބްދުލް މަޖީދު އަލްތިކްރީތީއަކީ، ގައުމިއްޔަތުގެ ކުލުނުނާއި ލޯބި އޭނާގެ ހިތާއި ސިކުނޑީގައި އަށަގެންފައިވާ ގައުމީ ބަޠަލެއްކަން ހައްގުގޮތުގައި ސާބިތުކޮށްދީފިއެވެ. އިރާގުގެ ލޮބުވެތި ރައްޔިތުންނަށާއި މުޅި ދުނިޔެއަށެވެ. އޭނާގެ ލޮބުވެތި ހަށިގަނޑު އަމިއްލަފުޅަށް، ހަލާކުކޮށްލެއްވުމުގެ އެތައް ފުރުޞަތެއް ކުރިމަތީގައި އޮތްއިރުވެސް އެފަދަ ބޭކާރު ޢަމަލެއް ނުކުރައްވައި ސާބިތުކަންމަތީގައި ގައިމުވެ ހުންނެވީ، ވަރުގަދަ އަގީދާއެއްގެ ސަބަބުންނެވެ. ފަހެ، އޭނާގެ ލޭފޮދު ގުރުބާންވެ، ހަދިޔާ ވެގެންދިޔައީ، އެތައް ހާސް މުސްލިމުންނެއް، އަރަފާތުގެ ބިމުން ހައްޖުވެ އެނބުރި މިނާއަށް އައިސް ހަދުޔު ކަތިލައި ﷲއަށް، ސާފުލެއިން ހަދިޔާކޮށް އެކަލާގެ ކުޅަދުން ވަންތަކަމުގެ މަތިވެރިކަން ހަނދާން ކުރަމުން ގެންދާ ބަރަކާތް ތެރި ދުވަހެއްގައެވެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ބާރުގެ އިސްތިޢުމާރުގެ ދަށުވެ ހުންނަވައިގެން، ކިޔަމަންތެރިކަމާ އެކު ﷲއަށް ގުރުބާން ވުމަށްޓަކައި ދަތްދޮޅި ހިއްލާލައްވައި ރީތިކޮށް ކަރުދިއްކޮށް ލައްވަމުންނެވެ. ހިތްވަރުގަދަ ސައްދާމުގެ މައްޗަށް ސަލާމް ހުއްޓެވެ! ހެޔޮދުޢާ ކުރަމެވެ! ސުވަރުގެ ދެއްވާށިއެވެ! މިއީ ސާބިތުކަމާއި ހިތްވަރު ގަދަކަމުގެ އިންތިހާ ދަރަޖައެވެ. އިސްމާއީލްގެ ފާނު ދެއްކެވި ރީތި ނަމޫނާގެ ހަނދާންތައް ތާޒާކޮށް އާކޮށްދިނުމެވެ. ސާބިތުކަމާއެކު މިދައްކުވައިދިނީ، ޝަހީދު ސައްދާމުގެ އަގީދާގެ ވަރުގަދަކަމެވެ. އޭނާގެ ޒަޢާމަތުގެ ހަރުދަނާ ކަމެވެ. އިސްލާމީ ރޫޙެވެ.

ބޮޑު މަޖިލީހުގައި، ދެއަންހެނުންގެ މަސައްކަތް ނާކާމިޔާބު ވެއްޖެ، އަދި ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް ފާހެއް ނުވޭ.

ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް ގާނޫނު އަސާސީގައި ލިއުމަށްޓަކައި ބޮޑުމަޖިލީހުގައި ކުރެވެމުން ދިޔަ ދިގުލީ ބަހުސް ނިމި ވޯޓަށް އެހުން އޮތީ، 20 ނޮވެމްބަރ 2006 ވީ ހޯމަ ދުވަހު އޮތް އެމަޖިލީހުގެ 123 ވަނަ ބައްދަލުވުމު ގައެވެ. މި ބަހުސްގައި އެންމެ ހޫނުގަދަކޮށް ބަހުސްކުރެވުނު މައުޟޫއަކަށް ވެފައި އޮތީ، ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ކޯޓާއެއްގެ ދަށުން ވަކި ޢަދަދަކަށް، ވަކި މުއްދަތަކަށް ޚާއްޞަ ކުރެވޭ ގޮނޑިތަކެއް ބެހެއްޓުމަށެވެ. މިކަމުގައި އިސްކޮށް އުޅުއްވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ވަރަށް އިސް އަންހެން ދެބޭފުޅުން ކަމުގައިވާ މުލަކު އަތޮޅު މެންބަރު އަލްފާޟިލާ އަނީސާ އަހްމަދާއި ރައީސުލް ޖުމުހޫރިއްޔާގެ މެންބަރު އަލްއުސްތާޛާ ޢައިޝަތު އާޒިމާ ޝުކޫރެވެ. އާދެ! “ދަނގަޑުއަންހެނާ” އެވެ. މި ދެބޭފުޅުންގެ ހުށަހެޅުއްވުންތައް ބަހުސްގެ އެކި ހިސާބުގައި އެކިގޮތަށް ބަދަލުވަމުން ދިޔަތަން ފެނުނެވެ.

Interview w/DO

Question: Would you give us a brief description of your life?

Since my graduation in 1984 to the present day, I have worked towards establishing
democracy and human rights in its best form in Maldives during my visits to all
inhabited islands of Maldives. I can say that I have friends in every inhabited island. My
friends vary from chiefs of the islands to the most common person are close friends. I
can discuss all kinds of matters with these friends. So people like me and support me.
Maldivians are always interested in listening to reform ideas.

އައްޝައިޚް އިލްޔާސްހުސައިން އިބްރާހީމްގެ ޚާއްސައިންޓަވިއު:

އިލްޔާސް ހުސައިން އިބްރާހީމަކީ، ރައްޔިތުންގެ ޚާއްސަމަޖިލީހުގައި ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރައްވާ ވަރަށް ތަފާތު ޝަހްސިއްޔަތެކެވެ. މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއައި އެއްގޮތަށް ގާނޫނު އަސާސީ އިސްލާހުކުރެއްވުމުގެ މަސައްކަތްކުރުމަށް ތަކުރާރުކޮށް ޚާއްސަ މަޖިލީހުގެ ރިޔާސަތަށް އަންގަވާ އިލްޔާސަކީ، އދ.އަތޮޅުގެ ޚާއްސަމަޖިލީހުގެ މެންބަރެވެ. ކުރިން އެމްޑީޕީގައި އުޅުއްވި އިލްޔާސް މިހާރުހުންނެވީ އެޕާޓީން އިސްތިއުފާ ދެއްވައިގެންނެވެ.
އަށްޑުވަސް: މިހާރު ގާނޫނުއަސާސީ ކުރިޔަށްދާ ގޮތާމެދު ކީކޭތޯ ވިދާޅުވަނީ؟

ޚިޔާނަތްތެރިން ހިފާހައްޔަރުކޮށް ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެކެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ޝައްކެއްނެތް ގޮތުގައި ޚިޔާނަތްތެރިންނަކީ، ބޮޑެތި މުޖްރިމުންނެވެ. ހިފާހައްޔަރުކޮށް އެކަހެރިކޮށް ބައިތިއްބައިގެން ތަހުގީގު ހިންގަންޖެހޭ ބައެކެވެ. އެމީހުންގެ އެތެރެފުށް ރައްޔިތުންނަށް ފާޅުވާންޖެހޭ ބައެކެވެ. އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ބައެކެވެ. އަދި އަމުދުން ދައުލަތަށް ޚިޔާނަތްތެރި ވެފައިވާ މީހުންނާމެދު، ގާނޫނީފިޔަވަޅު އެޅުމަކީ، ސަރުކާރުން ކޮންމެހެން ވެސް ކުރަންޖެހޭ މަޖުބޫރުކަމެކެވެ. އެފަދަ އެއްވެސް މުޖްރިމަކު މިނިވަންކަން މަތީގައި ދޫކޮށްލާފައި ހުރެގެން ނުވާނެއެވެ. ރައްޔިތުންގެ ޝަރީއަތް ކަމުގައިވާ ގާނޫނު އަސާސީ އެއްފަރާތްކޮށް، ރައްޔިތުންގެ މިލްކުމުދަލަށް އެގޮތްމިގޮތް ހަދާފައިވާ، އަދި ތިރީސްއަހަރު ވަންދެން އަމިއްލަ އެދުމައިގެން ސަރުކާރުގައި ބަގުޑިބެއްދި ޚުދުމުޚްތާރު ވެރިން، ރީތިހާގޮތްގޮތަށް ގައުމުގެ ސިޔާސަތާ ކުޅެން ރައްޔިތުންގެ ފައިސާއިން މުސާރަދީފައި ބައިތިއްބައިގެން ނުވާނެއެވެ. މިކަމަކީ، މިހާތަނަށް ޑިމޮކްރަސީގެ ނަމުގައި ކުރެވުނު އެންމެނުބައި މުޑުދާރު ކަންތަކެވެ. މިބީދައިން މިނިވަންކޮށް ދޫކޮށްލާފައި ބައިތިއްބަން ޖެހޭނީ، ބާރުތައް ވަކިވެފައި އޮންނަ ގާނޫނުއަސާސީ އެއްގެދަށުން ވެރިކަން ކޮށްފައިވާ މީހުންނެވެ. ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމަކީ، އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭމީހެކެވެ.

ސަރުކާރު ހަރުދަނާވުން ވަރަށް ބޭނުންތެރިއެވެ.

އޭ! ރައްޔިތުންނޭވެ! ދަންނާށެވެ! މިވާނުވާ އޮޅުން ފިލުވާށެވެ! ކޮންމެގައުމެއްގައި ވެސް ހަރުދަނާ ސަރުކާރެއް އޮތުމަކީ، އެންމެ ބޭނުންތެރިކަމެވެ. ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ރައްޔިތުންގެ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކާ އެއްގޮތަށް ސަރުކާރު ހަރުދަނާ ކުރަންޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އެކަން ފުރިހަމަ ނުވާ ސަރުކާރެއްނަމަ ވީހާއަވަހަށް އެކަން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އެކަމާ ޒިންމާވާން ޖެހޭނެއެވެ. ރައްޔިތުންގެ ތެޅެމުންދާ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކަށް ހަމަހިމޭންކަމާއި ގަރާރުވުން ގެނެސް ނުދެވޭ ސަރުކާރަކީ، ފުރިހަމަނުވާ ސަރުކާރެކެވެ. ޅަފަތުގައިއޮތް ނުކުޅެދޭ ސަރުކާރެކެވެ. ކަސިޔާރު ކަމެއްގެ ތެރޭގައި އިސްތިބްދާދައި ދިމާއަށް ދަތުރުކުރާ ސަރުކާރެކެވެ. ޑިކްޓޭޓަރޝިޕަށް ލެނބޭ ސަރުކާރެކެވެ.

ކޮސޯވޯ މިނިވަން ދައުލަތެއްގޮތުގައި ގަބޫލުކުރުވުމަށް ރާއްޖެއަށް ދެމިލިޔަންޑޮލަރުގެ ރިޝްވަތު.

ފަހެ ދަންނާށެވެ! ސަރުކާރުން ސިޔާސީ ކަންކަމުގައި ރައްޔިތުން ވެބޫހައްދައިގެން ނުވާނެއެވެ. އަދި އެބީދައިން ސިޔާސީ އެއްވެސްކަމެއްގެ ހަގީގަތް އޮޅުވާލައިގެން ނުވާނެއެވެ. އެކަން ކުރެވޭނަމަ އެއީ ވަރަށްބޮޑު ގޯހެކެވެ. ރައްޔިތުންނަށް ދެވޭ، އަނިޔާއެކެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުން ތިލަވި، އެންމެނާޒުކު ސިޔާސީ ކަމަކީ، ދުނިޔެއަށް ވިދާލި ޖޯސެފްޓީޓޯގެ ބާރުގަދަ ސޯސިއަލިސްޓް ފެޑަރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިޔާ ރޫޅިކުދިކުދި ވެގެންގޮސް، 2008 ފެބްރުއަރީ 17 ގައި އަމިއްލަ ދައުލަތެއްގޮތުގައި މިނިވަންކަން އިއުލާނުކުރި ރިޕަބްލިކް އޮފް ކޮސޯވޯ، ދިވެހި ރާއްޖެއިން މިނިވަން ދައުލަތެއް ގޮތުގައި ގަބޫލުކުރީ، މިހާރުގެ ސަރުކާރުން ބަޔަކު، ރިޝްވަތު ހިފައިގެން ކަމަށް އެރިއަޑެވެ. ސާބިޔާއިން ވަކިވެ، ކޮސޯވޯގެ މިނިވަންކަން، 120 މެމްބަރުން ހިމެނޭ ކޮސޯވޯގެ ރައްޔިތުންގެ މަޖިލީހުގެ (ކޮންސްޓިޓިއުޝަނަލް ފްރޭމްވަރކް ފޯދަ ޕްރޮވިޝަނަލް ސެލްފްގަވަރމެންޓް އޮފް ކޮސޯވޯ) 100 ވޯޓުގެ އަޣްލަބިއްޔަތުން ފާސްކޮށް، އިއުލާނު ކުރުމާގުޅިގެން ދާދިއަވަހަށް ޔޫއެންގައި ހިމެނޭ، 56 ގައުމަކުން، ކޮސޯވޯގެ މިނިވަންކަން ގަބޫލުކޮށްފިއެވެ. އޭގެތެރޭގައި ޔޫއެސް، ޖާމަނީ، އިޓަލީ، ފްރާންސް، ޔޫކޭ، އަދި ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން) ހިމެނެއެވެ. މިކަންހިނގީ، ރަޝިޔާ އާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ވަރަށް ފާޅުގައި ދެކޮޅުހަދަމުން ދަނިކޮށެވެ.

ދުރުރާސްތާގެ ޚިޔާލީފޮލާ ކެއްކުމުގެ ވާހަކަތައް މަދުކޮށް، ކުރުރާސްތާގެ ކަންކަމަށް އަމަލީސިފަގެންނަން ވެއްޖެއެވެ.

ފަހެ ދަންނާށެވެ! ދިވެހިރައްޔިތުންގެ އެންމެމަތީ “ގެ” ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުންބޭރު ޖަލްސާތަކެއް ބާއްވައިގެން ހާސިލުކުރެވުނު ނަތީޖާ، ރައްޔިތުންނަށް އެއްގޮތަކަށް ވެސް ނުފެނުނެވެ. ޖެހުނީ ހަމަޖެހުނު ތަނުގައެވެ. ކުރިފައިދާއެއް ނެތެވެ. ބޭކާރު ވާހަކަތަކެއް ދެކެވިއްޖެއެވެ. އަރާރުންތަކެއް ވެއްޖެއެވެ. ބައެއް ސިޔާސީ މީހުންގެ އިހުސާސްތަކަށް ވަގުތީގޮތުން ފިނިކަމެއް ލިބިއްޖެއެވެ. ޖުމްލަކޮށް ރައްޔިތުންނަށް ހާސިލުވި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ފަހެ ޗުއްޓީގެ ދުވަސްވަރު ޗުއްޓީއަށް ހައްދަވާފައި ދައުރުފެއްޓެވި ނަމަވެސް، ހާސިލުވީހީ ހަމައެއް ނަތީޖާއެއްކަން ކަށަވަރެވެ. މުޅިދުނިޔޭގެ އިގްތިސާދަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން، އިއްޒަތްތެރި އަމިއްލަ މެންބަރެއްގެ ހީވާގި މަސައްކަތް ޕުޅުން، ދާދިފަހުން މަޖިލީހުގެ ތަޅުމުގައިވެސް ސީދާކޮށް މިބަހުސް ކުރެވިއްޖެއެވެ. މިހާތަނަށް އިވިގެންދިޔައީ ހަމަހުސް އަނގަތެޅުން ތަކެކެވެ. ކުރެވުނުކަމެއް، އެޅުނުފިޔަވަޅެއް އަދިނެތެވެ. އިގްތިސާދީ މާހިރުންގެ ކޮމެޓީއެއް އުފެދިދާނެހެން ހިޔެއްނުވެއެވެ. ފަހެ، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލާއެކު، ރާއްޖޭގެ އިގްތިސާދު އޮތީވަރަށް ޚުތޫރަތްތެރި، އަދި އެހާމެނާޒުކު އަނދަވަޅެއްގެ ތެރޭގައެވެ. ކިރިޔަކިރިޔާ ބަނގުރޫޓުނުވާ ހިސާބުގައެވެ.

އާސަރުކާރަށް މަރުހަބާ!

ފަހެ، ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! 2008 ނޮވެމްބަރ 11 ވީ އަންގާރަދުވަހުން ފެށިގެން ހިނގަމުންދަނީ، ރައީސް ނަޝީދުގެ ސަރުކާރެވެ. މުޅިންއާ ސަރުކާރެކެވެ. އެމްޑީޕީ އިއްތިހާދުން އުފައްދާފައިވާ ސަރުކާރެވެ. މިއިއްތިހާދާއެކު އިތުރުފަސް ސިޔާސީ ޕާޓީއެއް ގުޅިފައިވެއެވެ. ނޮވެމްބަރ 25 އަށް އާސަރުކާރަށް ބަރާބަރު 15 ދުވަސްވާނެއެވެ. އަޅުގަނޑު މިމަޒްމޫނުގައި އަލިއަޅުވާލަން ބޭނުންވަނީ، އާސަރުކާރުގެ ފުރަތަމަ 7 ދުވަހަށެވެ. އަޅުގަނޑު ހިމެނިގެންވާ ރައްޔިތުންގެ އާސަރުކާރަށް ހިތުގެއަޑިން މަރުހަބާ ދަންނަވަމެވެ. ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެއަޑިން މަރުހަބާ ދަންނަވަމެވެ. އާސަރުކާރެއްގެ ފުރަތަމަ 7 ދުވަހަކީ، ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ނާޒުކު ދުވަސްކޮޅެކެވެ. އެންމެ ޅަފަތުގެ ދުވަސްކޮޅެވެ. އަލަށް ދަރިޔަކު ލިބުމުންވެސް ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އިސްލާމް ދީނުގައި އަމުރުކުރެވިފައި އެބަހުއްޓެވެ. އަދި ދިވެހިންގެ ޒަމާންވީ ސަގާފަތުގައި އަށަގަނެފައި އެބަހުއްޓެވެ. އެއީކޮންމެހެން ވެސް ކުރަންޖެހޭ ކަންތަކެވެ. ފިތުރަތެވެ. ސުންނަތެވެ. ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންތަކެވެ. އެކަންތައްތައް އޭގެވަގުތުގައި ކުރެވެމުންދާތަން ނުފެނިއްޖެނަމަ، ހިތްހަމަނުޖެހޭނެ އެތައްބަޔަކު ތިބޭނެކަން ކަށަވަރެވެ. އެއީ އެކަންވާނެ ގޮތެވެ.

ރައީސްމައުމޫނުގެ ވެއްޓުން.

ޝައްކެއް ވަސްވާހެއްނެތެވެ! ހަމަކަށަވަރުން ހައްގު އަތުވެއްޖެއެވެ. މިއަދަކީ ނަސްރުގެ ދުވަހެވެ. ﷲ ނަސްރާއި ފަތަހަ ދެއްވައި ފިއެވެ. މީސްތަކުން ބައިބަޔަށް އުފާކުރަން ފަށައިފިއެވެ. މިމަހު، (ނޮވެމްބަރ) އެގާރަވަނަ ދުވަހު ބޮޑުއީދު އަންނަނީއެވެ. އުފަލުން ފުރިގެންނެވެ. ނަސްރާއި ކާމިޔާބުން ފުރިގެންނެވެ. ދުވަސްވީ އަނިޔާވެރި ސަރުކާރަކުން، ތާހިރު ޑިމޮކްރަސީއަށް ބަދަލުވަނީއެވެ. އަނެއް ރާއްޖެއަށް ވާސިލުވަނީއެވެ. ވަތަންއެދޭގޮތަށެވެ. ފަހެ، މިހިނދު ހައްދަވައި ބޮޑުކުރެއްވި ﷲ އަށް ހަމްދުސަނާއިން ތަސްބީހަ، ވިދާޅުވުމަށް ދަންނަވަމެވެ. ﷲ އަށް ޝުކުރުވެރި ވުމަށް ހަދާންކޮށް ދެމެވެ. ރާއްޖެއިން ބާތިލު ނައްތާލުމަށް ގޮވާލަމެވެ. ވެވަޑައިގެންނެވި ވައުދުތައް އެންމެ ފުރިހަމަގޮތުގައި ފުއްދައި ދެއްވުމަކީ، ލާޒިމުޝަރުތެކެވެ. ފަހެ، މިލިބުނު އުފާވެރިކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުން، ދިވެހިންނަށް ހައްގުމަގަށް ގޮވާލުމުގައި ދެމިއޮތް، އިސްލާހީ ހަރަކާތް ހަދާނަށް ގެންނަމެވެ. 1980 ވަނައަހަރުން ފެށިގެން މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ހަދާން ކުރަމެވެ. އިސްލާހީ ހަރަކާރުގެ ފަހުބައިގާ މަޝްހޫރު ވެގެންދިޔަ، “ސަންދާނު” މަޖައްލާ ހަދާނަށް ގެންނަމެވެ. އަދި އެމަޖައްލާގެ ފަހަތުގައި ތިއްބެވި ކެރޭ، ހީވާގި ހަތަރު ފަހުލަވާނުންގެ ޖިހާދު ހަދާނަށް ގެންނަމެވެ. ސަންދާނު ޒަކީއާއި ސަންދާނު އިބްރާހީމް ހަރަކާރްތެރި ވަމުން ގެންދެވީ ރާއްޖޭން ބޭރުގައެވެ. މުސްތަގުބަލުގައި އެއީ މިރާއްޖޭގެ ސަފީރުންނެވެ. ޒަކީއަށް މެލޭޝިޔާގެ ސަފީރުކަން ހައްގެވެ. އިބްރާހީމަށް ޖެނީވާގެ ސަފީރުކަން ހައްގުވާނެއެވެ. އަދުގެ މުންތަޚަބު ރައީސް ނަޝީދު މިދެމުޖާހިދުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާން ޖެހޭނެއެވެ.

ޢަދުލު އިންސާފުގެ ބާރު.

ދަންނާށެވެ! ރައްޔިތުންގެ ވެރިކަމެއްގައި އެންމެ އިސް ބާރަކީ ޢަދުލުއިންސާފުގެ ބާރެވެ. ޢަދުލު އިންސާފުގެ ބާރަކީ ވަކި މުސްތަޤިއްލު ބާރަކަށް ނުވެއްޖެނަމަ، މުޅި ސަރުކާރުގެ ބާރުގެއްލި ގަދަ މީހާއަށް ގަދަ ވެގަނެވުނީއެވެ. ބަލިމީހާ ނިކަމެތިވީއެވެ. ހައްގުތައް ގެއްލުނީއެވެ. މިއީ ރޫޅުމާއި ހަލާކުގެ ފެށުމެވެ. މިހިސާބުން ޢަދުލު އިންސާފު ގެއްލި ރައްޔިތުންގެ ޙައްޤުތައް ފުޑުފުޑުވީއެވެ. ބަރުބާދުވީއެވެ. މާސިންގާ ކަނޑުގެ އާދަކާދައާއި އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ ސަރުކާރުގެ ހަމަތަކާއި އުސޫލުތައް ބަދަލުވީއެވެ. ފަހެ، މިއީ ރައްޔިތުން ކާމިޔާބުވުމަށް އޮތް މަގެއްނޫނެވެ. ހަމަތަކެއް ނޫނެވެ. ފަހެ، ދަންނާށެވެ! އިންސާނާގެ ކާމިޔާބަކީ، ﷲ އެކަލާނގެ ރަސޫލާއަށާއި މުޅިއުންމަތަށް ވިދާޅުވެދެއް ވުމަށް އަމުރުކުރެއްވި މާތް އަމާޒެވެ. އަދި މިއީ، ދިރިތިބުމުގެ މާތް މަގްސަދެވެ. ފަހެ، ﷲ ޢަމުރު ކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ނަމާދާއި އެހެނިހެން އަޅުކަމާއި ތިމަން ކަލޭގެފާނުގެ ދިރިހުރުމާއި، ތިމަން ކަލޭގެފާނުގެ އަވަހާރަވުން ވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ. އަލްއަންޢާމް ސޫރަތުގެ 162 ވަނަ އާޔަތާއި އަދި ޖެހިގެން އޮތްއާޔަތުގެ ތަފްޞީލް ބައްލަވާ ލައްވާށެވެ.