Monthly Archives: ޖޫން 2014

އަދުގެ އިސްލާމީ ދުނިޔެ. (ފުރަތަމަބައި)

މުސްލިމުން، 2014 ވަނަ އަހަރު ހޭދަކުރަމުން ދާއިރު، އަދުގެ އިސްލާމީ ދުނިޔެ ދެނެގަތުމަށް ޓަކައި އެނބުރިލާން ޖެހެނީ، މީގެ ސަތޭކަ އަހަރު ކުރިޔަށެވެ. 1914 ވަނަ އަހަރުގެ ތެރެއަށެވެ. 1914 ވަނަ އަހަރަކީ، މުސްލިމުން ވަރަށް ޚާއްޞަކަމެއް ދޭންހެޖޭ ސީރިއަސް ބަދަލުތަކެއް ޔޫރަޕަށާއި މެދުއިރުމައްޗަށް (MIDDLE EAST) އަންނަން ފެށި އަހަރެކެވެ. އެދުވަސް ވަރަކީ، ދުނިޔޭގެ ހަތަރުބިތުން އެއްފަޅިއަށް އެކުގައި އިނގިރޭސި ރަސްކަމުން ވެރިވެގެންތިބެ ބާރުހިންގަމުން ދިޔަ ދުވަސްވަރެވެ. އެބިންތަކުގައި ހިމެނޭ އިނގިރޭސި ދައުލަތްތަކަށާއި އިނގިރޭސިންގެ ދިދައަށް އިރުއޮއްސުމެއް އެއްގޮތަކަށް ވެސް ނާދެއޭ ބުނަމުން ގެންދިޔަ ދުވަސްވަރެވެ. އަބަދުވެސް އިނގިރޭސި ދިދައަށް އިރުގެ އަލިކަން ހުރެއެވެ. އިނގިރޭސިންގެ އެންމެ ރަން ޒަމާނެވެ. ދުނިޔޭގެ ވެރިކަން ކުރިދުވަސް ވަރެވެ.