Monthly Archives: ޖެނުއަރީ 2011

ޖަވާހިރުވާދީ އިލްޔާސް ތިނަވަނަފަހަރު ޖަލަށްލުން، ބާބު އެކެއް.

ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ތިންވަނަފަހަރު ދޫނިދޫޖަލަށްލައި ކުޑަގޮޅިއެއްގައި ބަންދުކުރީ، މާލޭ ސަލްޓަންޕާކްގައި ގޮއްވާލެވުނު ގެވެހި އުފެއްދުމެއް ކަމުގައިވާ، “ކަޓޫރަބޮން” ސަލްޓަންޕާކްގައި ގޮއްވާލިކަންތަކާ ގުޅުވައިގެން ސިފައިންކުރި ތުހްމަތުތަކެއްގެ މައްސަލައިގައެވެ. މިކަންތައް ހިނގާދިޔައިރު، އަޅުގަނޑުހުރީ، ދޫނިދޫޖަލުގައި ކުޑަގޮޅީގެ ބަންދެއްގައެވެ. އެހެނަސް ރައީސް މައުމޫނުގެ އޯޑަރަށް މިކަމުގައި އަޅުގަނޑު ތާށިކޮށް ޖަލުގެ ބޮޑުހުކުމެއް އިއްވުމަކީ، ސިފައިންގެ އެންމެބޮޑު ރޭވުމެވެ. އަދި ރައީސް މައުމޫނު ސަރުކާރުގެ އެންމެބޮޑު ބޭނުމަކަށް އޭރުވެފައިއޮތީ މިކަމެވެ. ރައީސް މައުމޫނު މިކަންމިގޮތަށް ރާވައިގެން ހިންގެވީ، ޑޮކްޓަރ މުހަންމަދު ވަހީދުހަސަން މަނިކަށް އަޅުގަނޑުގެ ތާއީދުދީ، ސަޕޯޓްކޮށް ސިޔާސީ ލީޑަރަކަށް ގަބޫލުކޮށްގެން ރާއްޖޭގެ ސިޔާސީކަން ކަމުގައި އިސްކޮށް އުޅޭތީއެވެ. އަދި ޑޮކްޓަރ ވަހީދަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް މުޅިންއާ އިސްލާހު ތަކެއް ގެނައުމަށް ސަރުކާރުތެރޭގައި އިސްކޮށް ހުރެގެން މަސައްކަތްކުރާ ލީޑަރަކަށް ވާތީއެވެ. ރައްޔިތުންގެ ބޮޑުމަޖިލިސް ކަމުގައިވާ ޚާއްސަމަޖިލީހުގެ ތެރޭގައި 1980 ވަނަ އަހަރު ފެށުނު އިސްލާހީހަރަކާތް ލީޑްކޮށްދެއްވީ ޑޮކްޓަރ ވަހީދެވެ. އަދި ބޮޑުކާމިޔާބަކާއެކު ރައްޔިތުންގެ މަޖިލީހުން މާލޭގެ އިސްގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، ރައްޔިތުންނަށް ފައިދާހުރި މުހިންމު ބިލްތަކެއް ހުށަހަޅުއްވައި ރައްޔިތުންގެ އިސްލާހަށް ކުރެވުނު ގިނަގުނަ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރި ވެލެއްވީ، ޑޮކްޓަރ ވަހީދެވެ. މިކަންކަމާހުރެ ޑޮކްޓަރ ވަހީދުވަނީ ރައީސް މައުމޫނު ސަރުކާރުގެ އަމާޒުފަތް ގަނޑަކަށް ވެފައެވެ. ފާރަލާއި މޮނިޓަރކޮށް ބަލަހައްޓަމުންދާ ސިޔާސީ ލީޑަރަކަށް ވެފައެވެ.