Monthly Archives: ޖެނުއަރީ 2010

ނުފޯދޭ ރުކަކުން އެތްހޯދުމާއި ނުވިހާކުއްޖެއްގެ ފޫޅުހޯދުން. ރައީސް މައުމޫނު އުފެއްދެވި ތިން ބަޣާވާތް.

އޭ! ލޮބުވެތި ދިވެހި ރައްޔިތުންނޭވެ! މިމަޒްމޫނުގައި އަލިއަޅުވާލަން އަޅުގަނޑު މިއުޅެނީ، ކޮންމެ ދިވެހި ރައްޔިތަކުވެސް ވިސްނާލަންޖެހޭ ވަރަށްމުހިންމު ދިމާއަކަށެވެ. ފަހެ، ނުފޯދޭރުކަކުން އެތްހޯދުމާއި ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަކީ، އެންމެގިނައިން އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަން ސާބިތުކޮށް މުޅިއުމުރަށް ދެންމުމަށްޓަކައި ކުރާބުރަ މަސައްކަތެކެވެ. ހަމަ އެފަދައިން މިމަސައްކަތައް ނުވިހާކުއްޖެއްގެ ފޫޅުހޯދުމޭ ވެސް ބުނެވިދާނެއެވެ. މިދެކަންތައް މަޖާޒީގޮތުން، މާނަވީދޭހައެއްނެތި އަޅުގަނޑު މިދޭހަކުރަނީ، އިސްތިބްދާދީ ވެރިން އެމީހުންގެ ވެރިކަންމުޅި އުމުރަށް ދެންމުމަށްޓަކައި، ކުރާބުރަ މަސައްކަތެކެވެ. ހަގީގަތެއްނެތް ގޮތުގައި އެކިމީސްމީހުނެގެ ބޮލުގައި އަޅުވާ، ބޮޑުބަދުނާމެވެ. ރައްޔިތުންނަށް އޮޅުވާލާ ބޮޑުއޮޅުވާލުމެވެ. ޚުދުމުޚްތާރު ވެރިޔާގެ އަރިހުގައި ތިއްބަވާ ބޮޑުންގެ ތެރޭގައި އަބަދުވެސް މިމަސައްކަތް ރާވާއި ހިންގައިދޭނެ ވަރަށް އިތުބާރުކުރެވޭ ޖަމާޢަތެއް ހަރަކާތްތެރި ވާނެއެވެ. އޭގެތެރޭގައި ކެބިނެޓް މިނިސްޓަރުންގެ އިތުރަށް ސިފައިންނާއި ފުލުހުން ތިބޭނެއެވެ. ވެރިމީހާއާއި ބޮޑުންގެ އެޖަމާޢަތާ ސީދާކޮށް، އެއްވެސް މެދުވެރިއަކާނުލާ އަބަދުވެސް ގުޅޭނެއެވެ. ހުޅުވާލެވިފައި އޮންނަބަޖެޓެއް އޮންނާނެއެވެ. އެމީހުންގެ މަސައްކަތަކީ، ހަގީގަތެއްނެތް ބޮޑެތި ބަޣާވާތްތައް އީޖާދުކޮށް ވެރިކަން ސާބިތުކޮށް، ދެމެ ހެއްޓުމެވެ. މިވައްތަރަށްދާ ތިން، “ބަޣާވާތެއް” ރައީސް މައުމޫނު އީޖާދުކޮށް އުފެއްދެވިއެވެ.

ވެރިކަން ކުރުމަށް ނިޒާމެއް ހޯދުމުގެ ބަހުސުގެ ތެރެއިން!

ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި މިހާރު ބަހުސް ކުރެވެމުންދަނީ ކުރިޔަށް އޮތްތާގައި ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ނިޒާމު ގެންގުޅޭނެ ގޮތަކާމެދުގައެވެ. ބޮޑުމަޖިލީހުގެ 83 ވަނަ ޖަލްސާއާއި 84 ވަނަ ޖަލްސާގައި މިބަހުސް ވަރަށް ތަފްސީލުކޮށް ކުރިޔަށް ގެންދެވިއްޖެއެވެ. އަދި މީގެކުރިން ވެސްވަނީ، މިމައުޟޫއަށް ދިގުކޮށް ވާހަކަ ދައްކާފައެވެ. އުންމީދުކޮށްގެން މިތިބީ، އިރާދަ ކުރެއްވިއްޔާ، 2006 މެއި 7 ވާ އާދީއްތަ ދުވަހު އޮންނަ، 85 ވަނަ ޖަލްސާގައި ވޯޓަށް އަހައި ވަކިގޮތެއް ކަނޑަ އެޅޭނެއެވެ.

ފަހެ، ދުނިޔޭގައި އިންސާނުން އާބާދުވެ ދިރިއުޅެންފެށި ހިސާބުން ވެރިކަންވަނީ، ތައާރުފްވެ ފެށިގެން ހިނގައި ގެންފައެވެ. ކޮންމެ ދެމީހަކަށްވުރެ، އެކަކު އިތުރުވެއްޖެނަމަ، އިސްމީހަކު ހުރެއެވެ. އެކިއެކި މުޖްތަމަޢު ތަކުގައި ތަފާތުގޮތް ގޮތަށެވެ. ކޮންމެ ޖަމާޢަތެއްގެ ތެރޭގައި ވެސް ފާޑެއްގެ ނިޒާމެއް އުފެދި އަށަގެންފައި އޮވެއެވެ. އިސްލީޑަރަކު ހުރެއެވެ. ބޮޑުން ތިބެއެވެ. ވިރާސީވެރިކަމާއި ޖުމްހޫރީ ވެރިކަމުގެ ވައްތަރުތަކެވެ. ފަހެ، ޢިލްމުވެރިން ވެރިކަމުގެ ނިޒާމު ބައިކޮށްފައި ވަނީ، މައިގަނޑު ތިންވައްތަރަކަށެވެ. ގިނަ ވައްތަރުގެ ނިޒާމުތަކަކަށް ނޫނެވެ. ވެރިކަމަކީ، މާގިނަ ވައްތަރުތަކެއް ހިމެނޭ ނިޒާމުތަކެއް ބޭނުންވާ ކަމެއްނޫނެވެ. ﷲ ގެ ކަލާންފުޅުގަޔާއި ރަސޫލާގެ ސުންނަތުގައި ވެރިކަން ކުރުމަށް ވަކިނަމެއްގެ ނިޒާމެއް ބޭނުންކުރުމަށް އަމުރުކުރައްވާ ފައެއްނެތެވެ. އިސްލާމްދީން ގެނެސްދެއްވި ނިޒާމަކީ، އަދުލު އިންސާފައި މަޝްވަރާގެ މަތިވެރި އުސޫލެވެ. ޒިންމާދާރު މަސްއޫލިއްޔަތު އުފުލާޒާތުގެ ރައްޔިތުންގެ މަޖިލީހެއް އޮތުމުން، މިއުސޫލު ގައިމުކުރެ ވުނީއެވެ. ވަރަށް ފަސޭހައެވެ. ބޮޑުޚަރަދުތަކާއި ވެރިކަމުގެ ހައިބަތުތަކެއް ހިމަނާކަށް ނުޖެހެއެވެ. ވަރަށް ސާދާ ވައްތަރެކެވެ. ފަހެ، މިދެންނެވި މައިގަނޑު ތިންވައްތަރުން ނެއްޓިގެން ބިނާކުރެވިފައިވާ ވެރިކަމުގެ ނިޒާމެއް ދުނިޔެއަކު ނުވާނެއެވެ.

އަތޮޅުވެރިންގެ ބައްދަލުވުމުގެ ފަހަތް!

އެންމެ ފަހުންބޭއްވުނު ގައުމީ ފެންވަރުގެ ބޮޑުޖަލްސާއަކީ، އަތޮޅުވެރިންގެ ބައްދަލުވުން، 11 މާލެ، 9-18 މެއި 2006 އެވެ. 1980 ވަނަ އަހަރުން ފެށިގެން، މިއީ ގައުމީފެންވަރުގައި މިނިސްޓަރީ އޮފް އެޓެލްސް ޑިވެލޮޕްމަންޓުން ބާއްވަމުން ގެންދާ، ސިލްސިލާ ބައްދަލުވުމެކެވެ. އަޅުގަނޑަކީ، އަތޮޅުވެރިންގެ ބައްދަލުވުން ތަކުގައި އަމަލީގޮތުންނާއި ޖިސްމާނީ ގޮތުންނާއި ހުރިހާގޮތަކުން ވެސް ބައިވެރިވުމުގެ ނަސީބުލިބިފައިވާ މީހަކީ މެވެ. ޚާއްސަކޮށް ލ.އަތޮޅުގެ ބައްދަލުވުމާއި ބ.އިތޮޅުގެ ބައްދަލުވުން ތަކުގައި އެއަތޮޅު ތަކުގައި މަހެއްހާ ދުވަސް ކުރިންގޮސް އުޅެއް ޖެހުނެވެ. ފަހެ، މިހުރިހާ ބައްދަލުވުމެއްގެ ތެރެއިން، އެންމެދެ ބައްދަލުވުމެއް ފިޔަވައި ދެންހުރި ހުރިހާބައްދަލުވުމެއް ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.

ބޮޑުމަޖިލީހުގެ ރައީސް ޢައްބާސް އިބްރާހީމަށް ޢިތުބާރު ކުރާކަށް ނެތިން ނުވެސް ކުރާނަން.

ނޯޓު: މިގެނެސްދެނީ، 2006 މާޗް 26 ވަނަ ދުވަހުއޮތް ބޮޑުމަޖިލީހުގެ، 75 ވަނަ ޖަލްސާގައި، އެމަޖިލީހުގެ ރައީސް އޮނަރަބްލް އައްބާސް އިބްރާހީމްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް ހުޅަހެޅުނު މައްސަލައާ ގުޅިގެން ބޭއްވުނު ބަހުސްގައި، އދ.އަތޮޅު މެންބަރު އިލްޔާސް ހުސައިން އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މިވާހަކަތައް މިގޮތަށް އެސަންދާނުގެ، 50 (ފަންސާސް) ވަނަ އަދަދުގައިވަނީ، އަކުރުން އަކުރަށް ޝާއިޢުކޮށް ފައެވެ. އަޅުގަނޑުގެ ސައިޓްގައި މިވާހަކަކޮޅު މިގެނެސްދެނީ ކިޔުންތެރިންނަށް ބަލާލަން، އަދި ކިޔާލަން ފަސޭހައަށެވެ. މަޖިލީހުގެ ޔައުމިއްޔާގައި މިވާހަކަތައް ގެނެސްދީ ފައިހުރީ އެތައްބައެއް މަދުކޮށް، އޮޅުވާލައި އޮޅުންބޮޅުންކޮށް ގެންނެވެ. އެހެންވެ މިވާހަކަކޮޅު އަޅުގަނޑު ތައްޔާރުކޮށް ބޮޑު މަޖިލީހުގެ ތަޅުމުގައި ކިޔަމުން ގެންދިޔަގޮތް ސައްހައިބާރާތުން، ބަޔާންކޮށް ދިނުމުގެ ގޮތުން ގެނެސްދިނީއެވެ. ޝުކުރިއްޔާ!އިލްޔާސް ހުސައިން އިބްރާހީމް.

ރައީސް ޖަމާލް އަބްދުއް ނާސިރުގެ ދީނީ އިންގިލާބާއި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ދީނީ އިންގިލާބު.

ޒަމާންވީ މުސްތަބިއްދު ރަސްކަމަކަށް ސިއްކަޖަހައި ނިމުންގެނެވުނު ދުވަހެކެވެ. 1952 ވަނަ އަހަރުގެ 23 ވީ، ބުދަދުވަހުގެ ތާޒާއަލިކަމާ އެކު، އެދުވަހު ހެދުނު 7.30 ގައި މިސްރުގެ ގޭގެއަށާއި މުޅިދުނިޔެއަށް އަޑުއިވޭ ގޮތަށް، މިސްރުގެ ޓީވީސްޓޭޝަނާއި ގައުމީ ރޭޑިޔޯ މަރުކަޒު ސިފައިންގެ ގްރޫޕަކުން ހިފުމަށްފަހު، އިއުލާނު ކުރެވިގެން ދިޔައަޑަކީ، މިސްރަށް މިލިޓަރީ އިންގިލާބެއް ގެނެވުނު އަޑެވެ. މިކަން އިއުލާނުކޮށްދެއްވީ، އޭރުގެ މިލިޓަރީ އޮފިސަރެއްގެ ގޮތުގައި ސިފައިން ތެރޭގައި އިސްކޮށް ހުންނެވި، މުހަންމަދު އަންވަރުއް ސާދާތުގެ މިލިޓަރީ އަޑުފުޅުންނެވެ. ފަހެ، ރަސްކަމަކުން ޖުމްހޫ ރިއްޔަތަކަށް މިސްރުގެ ވެރިކަން ބަދަލު ކޮށްލީ ޒުވާން މިލިޓަރީ އޮފިސަރުން ކޮޅެއް ހިމެނޭ ވަރުގަދަ ގައުމީ ރޫޙެއްގެ މަތީގައި ދެމިގެންދިޔަ ހަރަކާތަކުން ނެވެ. މިހަރަކާތުގެ ނަމަކީ، “ފްރީއޮފިސާސް މޫވްމަންޓް” އެވެ. ފަހުން މިސްރުގައި ވެރިކަން ކުރެއްވި އަންވަރުއް ސާދާތަކީ، ފްރީ އޮފިސަރުންގެ މިހަރަކާތުގައި ބައިވެރިވި ގައުމީރޫޙުން ފުރިފައިވާ އޮފިސަރެކެވެ. މިޒާތުގެ ކަންކަމުގައި އަބަދުވެސް ނަގާކިޔުމުގައި އިސްކޮށް ތިބޭނީ ގައުމީ ބަތޮލުންނެވެ. ސިފައިންގެ ފްރީ އޮފިސަރުންގެ މިހަރަކާތުގައި ނަގާކިއުމުގެ އެންމެ އިސްލީީޑަރަކީ، މުހަންމަދު ޖަމާލް އަބްދުއްނާސިރެވެ. އެހެނަސް ހިމޭން މިއިންގިލާބުގެ ވެރިއެއްގެ ގޮތުގައި އިއުލާނު ކުރެވުނީ، ސިފައިންގެ އެންމެމަތީ ފެންވަރުގެ ޖެނެރަލެއް ކަމުގައިވާ، މުހަންމަދު ނަޖީބުގެ ނަންފުޅެވެ.