Monthly Archives: ފެބުރުއަރީ 2016

އަދުގެ އިސްލާމީ ދުނިޔެ – ބާބު ދޭއް

ޢިބްރާނީންގެ ރަސްކަމުގެ ފަހުގެ ތާރީޚް:

ސުލައިމާނުގެފާނު އަވަހާރަ ވުމަށް ފަހު، 931 މކ. ބަނީ އިސްރާއީލުގެ ރަސްކަން ބައިވެ ދެބަޔަކަށް ބެހިގެން ދިޔައެވެ. އިސްރާއީލީ ދައްލަތުގެ އުތުރު ސަރަޙައްދު ވެގެން ދިޔައީ، ޢިބްރާނީ ރަސްކަމަށެވެ. އެއީ އިސްރާއީލެވެ. ދެވަނަ ބަޔަކީ، ދެކުނުގައި އޮތް ޖޫދާ ރަސްކަމެވެ. މިބައި ވުމުގެ މައިގަނޑު ސަބަބަކީ، ބަނީ އިސްރާއީލުގެ ބާރަ ދަރިކޮޅުގެ މެދުގައި އޮތް ޚިލާފުތަކެވެ. އޭގެތެރެއިން އެންމެބައިބޯ، އެންމެ ވަރުގަދަ ޤަބީލާ ކަމުގައިވާ، ޖޫދާ ޤަބީލާގެ މީހުންނައި އަނެއް، 11 ޖަމާޢަތާ ދެމެދުގައި އުފެދުނު ކޯޅުންތަކެވެ. ޢިބްރާނީ ދައްލަތް ދެބަޔަށް ބައިވެގެންދިޔަ ދިއުމުގައި ޖޫދާގެ ނަންދެވުނު ބަޔަކީ، ޖޫދާ ޤަބީލާ މީހުންގެ ބާރުއޮތް ސަރަޙައްދެވެ. އިސްރާއީލަކީ އަނެއް، 11 ދަރިކޮޅުގެ ނުފޫޒާއި ބާރު ބޮޑަށް އޮތް ސަރަޙައްދެވެ. އެއްބަޔަކު ބުނާ ގޮތުގައި މިބާރަ ދަރިކޮޅުގެ ތެރެއިން ޔަހޫޒާގެ ދަރިކޮޅައި ބިންޔާމީންގެ ދަރިކޮޅު ފިޔަވާ އަނެއް، 10 ދަރިކޮޅަކީ، އިސްރާއީ ދައްލަތް ކަމަށެވެ. ފަހެ، ދެކުނުގައި އުފެދުނީ، މުލޫކިއްޔަތުލް ޔަހޫޒާ (KINGDOM OF JUDAH) އެވެ. ޖެރޫސަލަމް (ޤުދުސް) އޮތީ މިބައިގައެވެ. މިބައިގެ އަހްލުވެރިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ، ބަނީ އިސްރާއީލުގެ ނަގާކިޔާ ދަރިކޮޅުގެ ގޮތުގައި އޮތް، ޔަހޫޒާ ދަރިކޮޅާއި ބިންޔާމީން (BENJAMIN) ގެ ދަރިކޮޅެވެ. ޖޫދާ (JUDAH) އަކީ، ޔަޢްޤޫބްގެފާނުގެ ހަތަރުވަނަ ބޭފުޅާއެވެ. ބިންޔާމީން އަކީ، ފިރިހެންބޭފުޅުންގެ ތެރެއިން، ބާރަ ވަނަ އަދި އެންމެހަގު ބޭފުޅާއެވެ. އަނެއްބަޔަކީ، މުލޫކިއްޔަތުލް އިސްރާއީލް (KIGDOM OF ISRAEL) އެވެ. އަނެއް، 10 ދަރިކޮޅަކީ، އުތުރު ސަރަޙައްދުގެ އަހްލު ވެރިންނެވެ.