ޑީއާރުޕީގެބަހުންނަމަ، “ފުރިހަމަ މަރުހަބާއެކެވެ. އެކުވެރިމާހައުލެކެވެ. އުފާވެރިރެއެކެވެ. ރަނިންމޭޓުންގެ ބަހުސްގައި ތަސްމީނު ރަސްކަންކުރެއްވި ރެއެކެވެ. ވިލިމާލޭގައި މައުމޫނު ކުޅަދާނަކަން ދައްކާލަދިން ރެއެކެވެ.” މިޖުމްލަތައް ތަކުރާރުކުރަން އަޅުގަނޑު ލަދުގަނެއެވެ. ބޭނުމެއް ނުވެއެވެ. އެހެނަސް އެމީހުންގެ ސިޔާސީ ވިސްނުމާއި ފެންވަރު ހާމަކޮށްލުމުގެ ގޮތުން ލިޔެލީއެވެ.
ރައީސް މައުމޫނު، 2008 ސެޕްޓެމްބަރ 27 ވަނަދުވަހުރޭ ޓީވީއެމުން އިންތިޒާމު ކޮށްގެންބޭއްވި ރަނިންމޭޓުންގެ ޝޯބެއްލެވީ، އެނާގެ ކަނާތްފަރާތުގައި އަލްމަރުހޫމް ބޮޑުބެއިބްރާހީމް ކަލޭފާނުގެ ދަރިކަލުން އަލްފާޟިލް މުހަންމަދު އިބްރާހީމާއި މޯލްޑިވްސް ސޯޝަލްޑިމޮކްރަޓިކް ޕާޓީގެލީޑަރ އަލްފާޟިލް ރީކޯއިބްރާހީމްމަނިކު (މީހުންމަގު ފުރައްދާއި މީހުންގެ ސިކުޑިތަކާ ކުޅެލުމަށް ވަރަށް މަޝްހޫރު ދެއެދުރުން) ބައިންދައިގެން ވިލިމާލެ ސްކޫލްތެރޭގައި ޑީއާރުޕީ ސަޕޯޓަރުންނާ އެކުގައެވެ.
މިސުރުޚީއަކީ، ރައްޔިތުން މަޖިލިސްކުރާގޭގައި 1980 އެޕްރީލް 28 ވަނަދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި، ރައީސް މައުމޫނު 1978 ނޮވެމްބަރ 11 ވީދުވަހު ދިވެހި ޖުމްހޫރިއްޔާގެ ވެރިކަމާހަވާލުވެ ވަޑައިގެންނެވުމަށް ﷲ ގަންދީހުވާ ކުރެއްވިއިރު ގާނޫނާޚިލާފަށް ހަތިޔާރު ގެންގުޅުއްވިކަމަށް އަމިއްލަ ބަހުން އިއުތިރާފުވެ ވަޑައިގެންނެވި އިގުރާރުގެ އެއްޖުމްލައެވެ. އިއުތިރާފުވެ އެއްބަސްވެ އިގުރާރުވެވަޑައި ގެންފައި މިވަނީ، އެއަމަލު ކުރެއްވިތާ ބަރާބަރުދެއަހަރު ފަހުންނެވެ. އަޅުގަނޑު މިމަޒްމޫނުފަށާނީ މިއިއުތިރާފު ވުމުގެ އެއްބަސްވުން އެކުގައި ގެނެސްދީފައެވެ. ފަހެ، މިއީ ރައީސްމައުމޫނުގެ އިމިއްލަބަހުން އޭނާވެފައިވާ ވަރަށްސަރީހަ އެއްބަސް ވުމެކެވެ. ރުޖޫއަނުވެވޭނެ އިއުތިރާފެކެވެ.
ދިވެހިރާއްޖޭގެ ވެރިކަމަށް، ކިނބިގަސްދޮށުގޭ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވަޑައިގަތީ، ނޭންގި ހުންނަވަނިކޮށް ލިބިވަޑައި ގެންނެވި މަތިވެރި ޝަރަފެއްގެ ގޮތަކުންނޫނެވެ. ހިންމަތާއެކު ބުރަމަސައްކަތް ކުރައްވައިގެންނެވެ. މިސްރުގެ އަޒުހަރު ޔުނިވަރސިޓީގައި ކިޔަވަން ހުންނެވި އިރުއްސުރެ ވާހަކަދެކެވި ސައްލާކުރެވި ރޭވުންތަކެއްރޭވި ތައްޔާރުވެގެން ހިންގުނު ކަންތައްތަކެއްގެ ދަށުންނެވެ. ރައީސް ނާސިރަކީ ވިސްނުންތޫނު ބޭފުޅަކަށްވާތީ ދުރާލާރާއްވަ ވާފައިއޮތީ، އުމުރުގެފަހު ދުވަސްވަރު ހިތްހަމަޖެހިގެން އަމިއްލަ ދިރިއުޅުމެއް ރާއްޖެއިން ބޭރުގައި ގައިމުކުރައްވާށެވެ. އޭނާއެކަން ކާމިޔާބު ކުރެއްވިލެއް ކިތަންމެހާވެސް ރީއްޗެވެ. ނަލައެވެ. ފަހެ، މިހިސާބުންއޭނާ ރައްޔިތުންނަށް ކުރެއްވި އަނިޔާތައް ހުއްޓުމުކަށް އައީއެވެ. އާއުދަރެހަކަށް ދިވެހިގައުމު ނުކުތީއެވެ. ފަހެ، މިސްރުގައި ކިޔަވަންތިބި ދުވަސްވަރު ރާއްޖޭގެ ވެރިކަމަށް އެރުމަށް ކުރެވުނު މަސައްކަތްތައް ރާވާހިންގީ އަލްއުސްތާޒު ޒާހިރުހުސައިނާއި އަލްއުސްތާޒު ފަތުހުﷲ ޖަމީލުގެ ކުޅަދާނަ ވިސްނުމުގެ ދަށުންނެވެ.
2008 ސެޕްޓެމްބަރ 17 ވީ ބުދަދުވަހުގެ ހަވީރުއެންމެ ހިތްގައިމު ފިނިވަގުތުގައި، އެމްޑީޕީ މައި ހަރުގޭގައި އިގުރާރުވެ ސޮއިކުރި އެއްބަސްވުމަކީ، ދިވެހިގައުމުގެ ކުރިމަގަށް އެޅިގެންދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމާމެދު، ހަގީގަތަށް ވިސްނާ އެއްވެސްމީހަކު ޝައްކެއް ނުކުރާނެއެވެ. އެމްޑީޕީއަކީ، ރައީސް މައުމޫނުގެ ސަރުކާރުގައި އުފެދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސިޔާސީޕާޓީ އެކެވެ. ފަހެ، ގައުމީ އިއްތިހާދަކީ، މިރާއްޖޭގައި އެމްޑީޕީ ވުޖޫދަށް ގެނައުމަށް މަސައްކަތްކުރި ބައެއްމީހުން ނުކުމެ އުފެއްދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ އަދިވަރަށް އުމުރުންހަގު ސިޔާސީޕާޓީ އެކެވެ. ހަގީގަތުގައި މިދެޕާޓީގުޅިގެން އުފެއްދި “އެމްޑީޕީ އިއްތިހާދަ” ކީ، ދިވެހި އުންމަތަށް، ދިވެހި ރައްޔިތުންނަށް މިވަގުތައް ބޭނުންވެފައިވާ ވަރަށް މުހިންމު ގުޅުމެކެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ރިޔާސީކެނޑިޑޭޓު އޮނަރަބްލް މުހަންމަދު ނަޝިދު ގައުމީ އިއްތިހާދާ ގުޅިވަޑައިގަތުމަށް ކުރެއްވި މަސައްކަތަކީ އެބޭފުޅާގެ ސިޔާސީ ވިސްނުން ތޫނުކަމެވެ. ހަރުދަނާކަމެވެ. އަދި އެހެންމެ އޮނަރަބްލް ހަސަން ސައީދާއި ޖޫމްހޫރީޕާޓީން ވެސް މިމަސައްކަތް ކުރެއްވީ ރަނގަޅު މަގްސަދެއްގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީބުނާގޮތުން، އިސްލާމް ދީނާއި އިސްލާމީ ޝަރީއަތަކީ، ގާނޫނު އަސާސީން ހަވާލާދެވިގެން އިސްލާމީ ޝަރީއަތުގެބާރު އެއަށް އެންމެ ފުރިހަމައަށް ލިބިދޭ އަސާސީއެކެވެ. އަސާސީ ބުނަނީ، މުސްލިމަކުނޫނީ، ދިވެހިރައްޔިތަކަށް ނުވެވޭނެއެވެ. ދިވެހި ދައުލަތުގެ ދީނަކީ، އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ، ދިވެހިރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރެވެ. ފަހެ އެބަހުގެ މާނައަކީ، ގާނޫނު އަސާސީއަކީ އިސްލާމީ ޝަރީއަތެވެ. ގައުމުގެ ދުސްތޫރެވެ. މިދޭއްޗަކީ އެކައްޗެއް ކަމެވެ. ވަކިނުކުރެވޭނެ ދޭއްޗެވެ. އެބަހީ، ދިވެހި ރާއްޖޭގައި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ނުހެދޭނެއެވެ. އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ގާނޫނަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކުކުރާ އެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ. އާގާނޫނު އަސާސީގެ ތެރެއަށް އިސްލާމް ދީނާއި އިސްލާމީ ޝަރީއަތް ވެއްދިފައިވާ މިންވަރު އެއްގޮތަކަށްވެސް ކުޑައެއްނޫނެވެ.
ސަންދާނު މަޖައްލާއަކީ، ދުނިޔެމަތީގައި ދިވެހިންދެމި ތިބިހާދުވަހަކު އޭގެއަޑު ދެމިގެންދާނެ މަޖައްލާއެއްކަން ކަށަވަރެވެ. ރައީސް މައުމޫނުގެ ތިރީސްއަހަރު ދުވަހުގެ މުޑުދާރު، ޚުދުމުޚްތަރު ވެރިކަން ދިވެހިތާރީޚުގެ ތަރެއަށް ހުތުރުގޮތުގައި ދެމިގެން ދާނެހެން، ސަންދާނު މަޖައްލާއަކީ، އޭގެރީތިގޮތުގައި ދިވެހިތާރީޚާއި ދިވެހިންގެ ވިންދައިގުޅި ލާމެހިފައިވާ އެއްޗެކެވެ. އަދި، ދިވެހިންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ އެއްޗެކެވެ. މަގުމަތީގައި ކުނިކަހަން ތިބޭމީހުންނައި ހަމައިން ފެށިގެން ކަނޑުމަތީގައި ގިނަވަގުތު އުޅެމުންދާ މަސްވެރިންނާއި ސަރުކާރުގެ ހުރިހާއޮފީސް ތަކެއްގައި ސަންދާނު ކިޔަމުން ގެންދިޔައެވެ. ތުންތުންމަތިން ދެމިގެންދާ ސޮދަގާތެއްގެ ގޮތުގައެވެ. މިކަންކުރަނީ، ވަރަށް ސިއްރުކޮށް ވަރަށް ފޮރުވިގެން ތިބެއެވެ. ރައީސް އޮފީހުގެ ތެރޭގައި ގެންގުޅޭކަން ވެސް އިނގިފައިވެއެވެ. ފަހެ، އެންމެ މިނިވަންކޮށް ސަންދާނު ގެންގުޅެވުނީ ރާއްޖޭގެ ރަށްތައް ވަށައިގެންވާ މާސިންގާ ކަނޑުމަތީގައެވެ. ރާއްޖޭގެ މަސްވެރިންނަށެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި،
ދިވެހި ޖުމްހޫރިއްޔާގައި ސިޔާސީގޮތުން އުފެދިފައިހުރި ސިޔާސީ ބާރުތަކުން މިދުވަސްކޮޅަކީ، އެންމެމަތީ ގިޔަރުގައި އެބަޔަކަށް ދެއްކުނުހާބާރެއް ދަށްކަމުންގެންދާ ދުވަސް ވަރެކެވެ. ގިނައަހަރު ތަކެއް ވަންދެން ބޭނުން ކުރަމުން ގެންދިޔަ، ސަތާރައަހަރުން އުފެއްދި މަޝްހޫރު “ބޮޑުއަސާސީ” ބާތިލުކޮށް އާއަސާސީއެއް މިދިޔަ ބުރާސްފަތި ދުވަހު (2008 އޯގަސްޓް 07) ހެދުނު ގާތްގަނޑަކަށް 10:32 ގައި ވަނީ، އެކަމަށް އެއްކުރެވުނު ވަރަށް ޚާއްސަ ދަރުބާރެއްގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ތަސްދީގުކޮށް ދެއްވާފައެވެ. އެއީ އެމަނިކުފާނަށް ގާނޫނީގޮތުން ކުރައްވަންޖެހޭ ގާނޫނީގޮތުން މަޖްބޫރުކަމެކެވެ. ބައެއް އަތޮޅުތަކުގައި ސިޔާސީ އެކްޓިވިސްޓުން އުފަލުން ބޮނޑިބަތް ކައިފިއެވެ. މަޖާނަގައިފިއެވެ. މާމޮޅު އަސާސީއެއް ލިބިގެންނެވެ. އަނެއް ސިޔާސީޕާޓީއަކުން އެމީހުން އެޅިފާލަމެއް ކަމުގެ ދައުވާ އެބައުފުލައެވެ. އަޅުގަނޑު އެކަމާ އުފަލެއް ނުކުރަމެވެ. އެ އާއަސާސީއަށް އަޅުގަނޑު ދިނީ، ރަތްފާހަގައެވެ. އެކަމަށް ބޭއްވުނު ދަރުބާރަށް އަޅުގަނޑު ދިނީ، ފުރަގަހެވެ.
ވަސްވާހެއް ނެތެވެ. ކިތަންމެ ފައިސާވެރިޔަސް ދިވެހި ދައުލަތެއް ނުގަނެވޭނެއެވެ. އަދި ކިތަންމެ ފައިސާއެއް އޮތަސް ލޮބުވެތި ދިވެހި ރައްޔިތުންނެއް ނުގަނެވޭނެކަން ޔަގީނެވެ. އަދި ދިވެހި ދައުލަތް ވިއްކައެއް ނުލެވޭނެއެވެ. ހަމައެހެންމެ ލޮބުވެތި ރައްޔިތުންނެއް ވިއްކައެއް ވެސް ނުލެވޭނެއެވެ. އެކަމާ އުޅޭ މީހަކު ވެއްޓޭނީ ފުށްކިބަ ދަށަށެވެ. އެހިސާބުން އިނދަޖެހުނީ އެވެ. މިއީ އަޅުގަނޑާއެކު، ދިވެހި ޖުމްހޫރު އެއްބަސްވާނެ ހަގީގަތެކެވެ. ދެންފަހެ، ދަންނާށެވެ! “ހަގީގީ މުއްސަނދި ކަމަކީ، ނަފްސުގެ މުއްސަނދި ކަމެވެ”. ކުލުނާއި ލޯތްބާއި ރުހުން ހޯދޭނީ، ނަފްސުގެ ސާފުކަމުންނެވެ. ނަފްސުގެ ތާހިރު ކަމުންނެވެ. ނަފްސުގެ މުއްސަނދި ކަމުންނެވެ. ނަފްސުގެ އޯގާތެރި ކަމުންނެވެ. ނަފްސުގެ ތަބީއަތާއި މިޒާޖުންނެވެ. މިނޫން ގޮތަކަށް މީހާގެ މުއްސަނދިކަން ފާޅުކޮށް ދެއްކުމަކީ، ދެއްކުންތެރި ކަމެވެ. ހަމަކަށަވަރުން ދެއްކުންތެރި ކަމަކީ، ދީނީގޮތުން ބަލާއިރު ފާފައެކެވެ. އިންސާނިއްޔަތުން ބަލާއިރު ކޮށްގެންވާނެ ކަމެއްނޫނެވެ. ޖަރީމާއެކެވެ. އެއްގޮތަކަށް ވެސް އިންސާނުން ގަނެ ވިއްކިގެން ނުވާނެއެވެ.
ރާއްޖޭގެ ސިޔާސީ މުފައްކިރުންގެ ވިސްނުން މިދުވަސްކޮޅު ހުއްޓިފައިވަނީ، އެއްއަމާޒަކަށެވެ. އެއް ޓާގެޓަކަށެވެ. އަސާސީ ގައި ލިޔުމަށް ނިންމާފައިވާ އިންތިގާލީ މަރުހަލާ، ނުވަތަ އިންތިގާލީ ބާބު އަސާސީގައި ލިޔެވިގެން ދާނެ ގޮތަކާމެދު ގައެވެ. 14 ފެބްރުއަރީ 2008މ، (ބުރާސްފަތި) ދުވަހުއޮތް ބޮޑުމަޖިލީހުގެ 253 ވަނަ ޖަލްސާގައި ނެގުނު ވޯޓަކީ، ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިސްނާ ކޮންމެ ދަރިޔަކު މުޠޯލިޢާ ކުރުން ލާޒިމު ނަތީޖާ އެކެވެ. މިއީ ވަރަށް ގިނަ ބަޔަކު ޑިއާރުޕީ ކޮޅަށް ވޯޓު ދެއްވި ނަތީޖާ އެކެވެ. ނިއުމޯލްޑިވްސް އާއި ޕީއޭ ބޭފުޅުން ޑީއާރުޕީ ފަޅިޔަށް ޖެހުނު ފަހަރެކެވެ. ހަގީގަތަކީ، މި އެންމެންނަކީ ވެސް ޑީއާރުޕީގެ ޒައީމު، ރައީސް މައުމޫނުގެ ވެރިކަމަށް ރުހޭ މީހުންކަމެވެ. ދުވަހުނޫސް ތަކުން، ޚާއްސަކޮށް މިނިވަން ނޫހުން މިމައުލޫމާތުތައް ފުރިހަމަކޮށް ލިބޭނެ ކަމުގެ އުންމީދު ކުރަމެވެ. ބައެއް ފަހަރު އެނޫހަކީ ރަނގަޅު އެއްޗެކެވެ. އާއަސާސީ ގައި ހިމެނޭ “ރައީސުލް ޖުމްހޫރިއްޔާގެ ބާބު” ގެ 10 ވަނަ މާއްދާގެ (ދ)، ބޭރު ގައުމު ތަކަށާއި ބައިނަލް އަގުވާމީ ޖަމާއަތްތަކަށް، ސަފީރުން އައްޔަން ކުރުމުގެ ބާރު، ރައީސުލް ޖުމްހޫރިއްޔާއަށް ޚާއްސަ ކޮށްފައި ބޭއްވުމުގެ މަގްސަދުގައި އެމާއްދާ ޑްރާފްޓް ކުރެވިފައި އޮތްގޮތް ވަނީ ފެއިލްކޮށް ލާފައެވެ. މިއީ މިހާރު މިއޮތްސަރުކާރު އުމުރަށް ދެމެހެއްޓުމަށް ބޮޑުމަޖިލީހުގައި ސިޔާސީ އޮއިވަރު އޮތްގޮތެވެ.
2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން، އާއަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވިދާނެތޯއެވެ؟ މިއީ، މިދުވަސްވަރު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުތެރޭގައި އުފެދޭވަރަށް ވަރުގަދަ ސުވާލެކެވެ. ދިވެހިންގެ ވިންދާއި ގައުމުގެ މުސްތަގުބަލައި ގުޅިފައިވާ ސުވާލެކެވެ. މިސުވާލުގެ ޖަވާބު އެކިއެކި ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އެކިޖަމާޢަތް ތަކުންނާއި އެކިއެކި ސިޔާސީ ފަރުދުން ލިބިގަންނަނީ، އެކިގޮތަށެވެ. އެކި ސިފަޔަށެވެ. ރިޔާސީ އިންތިޚާބު- 2008 ގެ އަމަލުތައް ބިނާވެފައި އޮތީ، އަލަށް ތަސްދީގު ކުރެވޭ ގާނޫނުއަސާސީގެ “އިންތިގާލީ ކަންތައްތަކާ ބެހޭބާބު” ގެ މައްޗަށެވެ. އެކިފަރާތް ތަކުންނާއި އެކިމީހުން މިކަމުގެ ގާނޫނީބިނާ ދަށްކަނީ އެކިގޮތަށެވެ. އެކި ސިފަޔަށެވެ. ފަހެ، އެންމެ ފުރަތަމަ ސުވާލަކީ، ރިޔާސީ އިންތިޚާބު- 2008 ގެ ބިނާ ފެނިގެންދާނީ، އާއަސާސީގެ ދަށުންތޯއެވެ؟ ނުވަތަ މިހާރުވެސް އަމަލުކުރާ 1997 ނޮވެންބަރ 27 ވީބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ ސަތާރައަހަރުން އެކުލަވާލި މަޝްހޫރު ބޮޑުއަސާސީގެ ދަށުންތޯއެވެ؟
ދިވެހި ރާއްޖޭގެ ހަލަބޮލި އަދި ވަރަށް ހައްސާސީ ފަށްތަރެއް ކަމުގައި ބެލެވޭ މިދުވަސްވަރު ފެންނަމުން މިދަނީ، 1990މ. ގައި އުންމީދުކުރެވުނު ގޮތަށް ފެންނަމުންދާ ވަރަށް ހައްސާސީ، ސިޔާސީ މަސްރަހެކެވެ. ދުވަސްތަކެކެވެ. ސިޔާސީ ކަންތައްތައް ތިލަވެ ފެނިގެން މިދަނީ، އެދުވަސްވަރު ޖަލުގައި ތިބެގެން އަޅުގަނޑު މެންނަށް ކުރެވުނު ދިރާސާތަކައި ވަރަށް އެއްގޮތް ގޮތަކަށެވެ. މާބޮޑު ފަރަގެއް ނެތިއެވެ. ރައީސް މައުމޫނުގެ ފަސާދަވެފައިވާ ވެރިކަން ވެއްޓެންދެން، ރާއްޖޭގެ ސިޔާސީ ބާރުގެ ގޮތުގައި ދައުވާ ކުރާނެ ތިންބާރު އޮންނާނެއެވެ. ހަގީގަތުގައި މިއީ، ރައީސް މައުމޫނައި އާއިލީގޮތުން ނާއި ޒާތީގޮތުން ގުޅިފައިވާ ދެބާރެކެވެ. އޭގެތެރެއިން އެއްބާރުން ކަފިވެގެން ނުކުތް ބާރެއް މިހާރު މާކުރީގައި ހަރަކާތްތެރި ވަނީއެވެ. މިދެބާރަކީ، ރައީސް މައުމޫނުގެ އާއިލާއާއި މިހާރުގެ ފުރަތަމަ އަންހެނާ މެޑަމް ނަސްރީނާ އިބްރާހީމްގެ އާއިލާއެވެ. ފަހެ، ކާމިނީކޭންޕުގެ ބާރާއި އެންދެރި ކޭންޕުގެ ބާރެވެ. ޕީޕަލްސް އެލަޔަންސް “ޕީއޭ” އަކީ، ރައީސް މައުމޫނު ފަޅީން ކަފިވެގެން ނުކުތް ކަތްޕެކެވެ.
ނޯޓް: 1990 ވަނައަހަރު، ސިޔާސީ މަޖައްލާއެއްގެ ގޮތުގައި އަޅުގަނޑުގެ ނަމުގައި ރަޖިސްޓްރި ކޮށްގެން ނެރުނު [މަންތިރި] މަޖައްލާގައި މި މަޒުމޫނު، ލިޔެގެން އަޅުގަނޑަށް ވަނީ، 6 މަސް ދުވަހަށް ޖަލަށް ހުކުމް އިއްވާފައެވެ. އަދި ތަހުގީގުގައި ވަރަށް ގިނަ ދުވަހު ކުޑަގޮޅީގެ ވަހުޝީ އަނިޔާ ތައް ދައްކާފައި ވެއެވެ. އެއް ހުޅުބިޑި އަޅުވައި އޮރިއާން ހާލަތަށް ގެންދިއައެވެ. ފެންވަރުވަނީ، ހަތްދުވަހުން އެއްފަހަރުއެވެ. މިގޮތުން، ކޮންމެ ހުކުރު ދުވަހަކު ނޫނީ ނަޖިހުން ތާހިރު ވުމަށް ފުރުޞަތެއް ނުދެއެވެ. ފެންފޮދެއް ގަޔަށް އަޅާލާކަށް ނުދެއެވެ. އެއްދުވަހަކު ތަހުގީގަށް ނެރުމުން، ވުޟޫކުރުމަށް ބިޑިނައްޓާލަ ދިނުމަށް އެދުމުން ވ.ޅަހުއްތާއި އަބްދުއް ޝުކޫރު އަބްދުﷲ ވިދާޅުވީ، އެޅުވިއްޖެ ބިޑިއެއް ނުނެއް ޓޭނެއެވެ. ނަމާދު ކުރެވުނު ގޮތަކަށް ކުރާށެވެ. އެންމެ އަނިޔާ ބޮޑު ބިޑިއަކީ، އެއް ހުޅު ބިޑިއެވެ.