އިލްޔާސްގެ ތަޢާރަފް

ބައްޕްއާއި މަންމައާއި މާމަ:

އިލްޔާސް ހުސައިން އިބްރާހީމް (ޖަވާހިރުވާދީ އިލްޔާސް) ގެލޮބުވެތި ބައްޕައަކީ، ދިވެހި ދައުލަތުގެ ބޮޑުސްޓޯރު، ސަރުކާރުގެ އޭރުގެ އެންމެމަތީ މާލީއިދާރާގައި އެންމެފުރަތަމަ މަސައްކަތް ކުރެއްވި ކޭޝިޔަރެވެ. ދައުލަތުގެ ހުރިހާ ފައިސާއަކާ ހަވާލުވެ ހުންނެވީ އިލްޔާސްގެ ބައްޕައެވެ. އަދި ދ.އަތޮޅު (ނިލަންދެ އަތޮޅުދެކުނު ބުރީ) ގެއަތޮޅު ވެރިކަން ކުރެއްވުމާއެކު މުޅިއުމުރު ހޭދަކުރެއްވީ، ދިވެހި ދައުލަތުގެ ޚިދުމަތުގައެވެ. ރައީސް އަމީނާއި ރައީސް ނާޞިރާއި ރައީސް މައުމޫގެ ސަރުކާރުގައެވެ. އުފަންވީ ސ.ހުޅުދޫއަށް، 25 ޖުލައި 1925މ، ވީހޮނިހިރު ދުވަހުއެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 11 މެއި 1980މ، ވީ އާދީއްތަ ދުވަހު ފަތިސްނަމާދަށް ފަހުގައެވެ. އިލްޔާސްގެ މަންމައަކީ، ޖަވާހިރުވާދީ ފައުޒިއްޔާ މޫސާއެވެ. އިލްޔާސްގެ ބައްޕައާއެކު އިލްޔާސްގެ މަންމަ ކާވެނި ކުރެއްވީ، 23 އޮކްޓޯބަރ 1953މ، 14 ޞަފަރު 1373ހ، ވީހުކުރު ދުވަހުގެ ޤަމަރު ސާޢަތުގައި ގަޑިންހަވީރު، 6.45 ގައެވެ. އިލްޔާސްގެ ބައްޕަގެ ޑައިރީގައި މިވާހަކަ އަމިއްލަ އަތްޕުޅުން، ލިޔުއްވާފައިވަނީ މިފަދައިންނެވެ. “އަޅުގަނޑުގެ އެންމެއުފާވެރި ކާވެނީގެ އަގުމާތްގޮށް ޖެހުނުރެއެވެ.” އިލްޔާސް މަންމަގެ އުފަންދުވަހަކީ، 01 ޖެނުއަރީ 1940 ވީހޯމަ ދުވަހެވެ. ފައުޒިއްޔާ މޫސާގެ އައިޑީކާޑް ނަމްބަރަކީ، A-034296 އެވެ. އިލްޔާސް ބައްޕައަށް އަތޮޅު ވެރިކަން ދެއްވީ، 19 ޖޫން 1952މ، 25 ރަމަޟާން 1371ހ، ވީބުރާސްފަތި ދުވަހުއެވެ. އަތޮޅުވެރިކަމުގެ ފަތްކޮޅު އެރުއްވީ، ދިވެހި ޤައުމުގެ ރައީސް މުހަންމަދު އަމީންގެ އަތްޕުޅުންނެވެ. އަތޮޅުވެރިކަމުން ވަކިކުރައްވާއި ބޮޑުސްޓޯރުގެ ޚަޒާންދާރުކަން ހަވާލުކުރެއްވީ، 15 ސެޕްޓެންބަރ 1953މ، 06 މުޙައްރަމް 1373ހ، ވީއަންގާރަ ދުވަހުއެވެ. ނިޔާވިއިރު ހުންނެވީ ރައީސް މައުމޫނު ސަރުކާރުގެ ޚިދުމަތުގައެވެ.

މާފަންނު ފައިފުހޭ މިސްކިތުގައި މ.ކަގި ސަމީރުބޭ އިސްވެ ހުންނަވައިގެން، ޖަމާޢަތުގައި ފަތިސް ނަމާދު ކުރެއްވުމަށް ފަހު، ގެއަށް ވަޑައިގެން ކުޑަކޮށް މެއަށް ތަދުވާކަމަށް ވިދާޅުވުމަށް ފަހު، އަމިއްލަފުޅަށް އެނދަށް އަރުއްވައި ދެއަތްޕުޅު ހަރަމަށް އަރުއްވާއި އޮށޭންނެވުމަށް ފަހު، ބަންގިއާއި ޝަހާދަތުގެ ދެކަލިމަ އަޑުއިވޭވަރަށް ވިދާޅުވެ، އެންމެފަހުނޭވާ ލެއްވީ ކުއްލިގޮތަކަށް ރީތިއަރާމު މަރެއްގައެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން! އާމީން! ދުނިޔޭގައި ހުންނެވި މަދުދުވަސް ކޮޅުތެރެއިން، 32 އަހަރަށް ވުރެގިނައިން، ހޭދަކުރައްވާފައި ވަނީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރެއްވުމުގައެވެ.

އިލްޔާސްގެ ބައްޕައަކީ، އައްޑޫހުޅުދޫ އަލްމުޙްތަރަމް އަލްމަރުޙޫމް އިބްރާހީމްފުޅުގެ އަލްމުޙްތަރަމް އަލްމަރުޙޫމް ޙުސައިން އިބްރާހީމް ފުޅު މާފަންނު ޖަވާހިރުވާދީ، މާލެ އެވެ. މަޝްހޫރު ނަންތަކަކީ، އައްޑޫ ހުސައިންފުޅު، ޖަވާހިރުވާދީ ހުސައިންބެ، ޖަވާހުރުވާދީ ހުސައިންފުޅު އެވެ. ހުސައިން އިބްރާހީމްގެ ފިރިހެން ދަރީންގެ ތެރެއިން ދޮށީދަރިފުޅަކީ، އައްޝައިޚް އިލްޔާސް ހުސައިން އިބްރާހީމެވެ. ޖަވާހިރުވާދީ އިލްޔާސެވެ. އިލްޔާސްގެ ލޮބުވެތި މަންމައަކީ، ޖަވާހިރުވާދީ އަލްފާޟިލާ ފައުޒިއްޔާ މޫސާއެވެ. އިލްޔާސްގެ މަންމަ، ފައުޒިއްޔާގެ ލޮބުވެތި މަންމައަކީ، ތ.އޮމަދޫ އަލްމުޙްތަރަމާ ޚަދީޖާ އިސްމާޢީލެވެ. އުފަން ތާރީޚަކީ، 20 މާޗް 1923މ، އެވެ. މަޝްހޫރު ނަންތަކަކީ، އޮމަދޫ ކަތްދަ، ޖަވާހިރުވާދީ ކަތްދަ، އަދި ޖަވާހިރުވާދީ ކައްދައިފުޅު އެވެ. ކަތްދަގެ އެއްބަނޑު އެއްބަފާ ހުރިހާ ފިރިހެނުންނަކީ، ތ.އަތޮޅާއި އެއަތޮޅު އޮމަދޫގައި ވެރިކަން ކުރެއްވި އިއްޒަތް ތެރީންނެވެ. ދައުލަތުގެ ކަލޭފާނުންނެވެ. އޭގެތެރެއިން އެންމެދޮށީ ބޭފުޅަކީ މުހަންމަދު ކަތީބު ކަލޭފާނެވެ. ކަތީބުކަލޭފާނުގެ އެންމެދޮށީ ދަރިކަނބަލަކީ، ޢާއިޝާއެވެ. އޮމަދޫ އައިސަދައިތައަކީ، އެލިޔާ ކުންފުނީގެ ވެރިޔާ އަލްފާޟިލް އަލީއަބްދުﷲގެ ލޮބުވެތި މަންމައެވެ. ނަޒަކީ ކުންފުނީގެ ވެރިޔާ އަލްފާޟިލް މުހަންމަދު ޒަކީއަކީ، ކަތީބުކަލޭފާނުގެ ދަރިފުޅެކެވެ. އެހެންވުމުން ކަތްދައަކީ، މާލޭގެ ޝާހީ ވެރިންނާއި ބޮޑުންގެ އަރިހުގައި ޚާދިމަކަށް އުޅުއްވި، ބޮޑުންގެ މެދުގައި މަޝްހޫރު ކަނބުލޭގެ އެކެވެ. ކަތްދައެކެވެ. އަބަދުވެސް ރާއްޖޭގެ ވެރިކަމާ ގާތްގުޅުންހުރި ބޭފުޅެކެވެ. ޚާއްސަކޮށް އަތިރީގެއާއި ވެލާނާގެއާއި ބަގީޗާގޭ ބޭފުޅުން އަރިހުގައެވެ. ރައީސް ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަކީ، އަލީ އަބްދުﷲ ގެދޮށީ އަންހެން ދަރިކަނބަލެވެ.

އާދެ! ހުސައިން އިބްރާހީމާއި ފައުޒިއްޔާ މޫސާއަށް ލިބިލެއްވި، 12 ކުދިންގެ ތެރެއިން އެންމެދޮށީ ދަރިފުޅަކީ، ޖަވާހިރުވާދީ އަލްފާޟިލާ އިލްހާމް ހުސައިނެވެ. އިލްހާމް އަކީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުންނެވެ. ހުސައިން އިބްރާހީމާއި ފައުޒިއްޔާ މޫސާއަށް، 4 އަންހެން ބޭފުޅުންނާއި، 8 ފިރިހެން ބޭފުޅުން ލިބިލެއްވިއެވެ. މިއީހުސް އެއްބަނޑު އެއްބަފާ ބޭފުޅުންނެވެ. މީގެތެރެއިން ނިޔާވެފައި ވަނީ، ވަރަށް ތުއްތުއިރު ނިޔާވި، އަންހެން ކުއްޖެއް ކަމުގައިވާ އިބްތިސާމް ހުސައިން އިބްރާހީމް އެކަންޏެވެ. އަނެއް، 11 ބޭން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވިއެވެ.

އިލްޔާސް ހުސައިން އިބްރާހީމް އުފަންވީ، 05 މެއި 1957މ، 04 ޝައްވާލް 1376ހ، ވީއާދީއްތަ ދުވަހުރޭ، 9.30 ގައެވެ. ދިވެހިގޮތަށް ނަމަ، ހޯމަވިލޭރޭގައެވެ. މިއީ ޢަރަބިން ދުވަސް ގުނާގޮތުންނަމަ ހޯމަދުވަސް ފެށިގެން އިރާކޮޅު، 9.30 ހެވެ. ގަދީމީޢަރަބީން ދުވަސް ގުނާންފަށަނީ، އިރުއޮއްސި ހައެއް ޖެހުމުންނެވެ. އެދުވަހެއްގެ އިރުއޮއްސުމުން އެދުވަސް ނިމުނީއެވެ. އެހެނަސް ރޭގަނޑު ބާރައިން ދުވަސް ގުނާނަމަ، އެއީ އާދީއްތަ ދުވަހުގެރޭ، 21.30 ހެވެ.

އިލްޔާސް ވިހެއީ އައްޑޫ ހުޅުދޫ އެޅެހެށިގެ އަށެވެ. މަސްވަޅުލާފައި ޖެހިރުއް ވަރަށްފަހާ ޖެހެންދެން ވެސް އެގޭގައި ހުއްޓެވެ. އެގެއަކީ ވަރަށް ޢިލްމީ މޮޅެތިބޭފުޅުން ދިރިއުޅުއްވި ކަރާމާތްތެރި ގެއެކެވެ. އައްޑޫގެ ތާރީޚާ ގުޅިފައިވާ ގެއެކެވެ. އިލްޔާސް އުފަންވުމުން ތަޙްނީކް ކުރުމާއި، 7 ދުވަސް ވުމުން ގެއިން ބޭރަށްލުން ރަސްމީކޮށް، އެބޭފުޅުންގެ ސަގާފަތާ އެއްގޮތަށް ބޭއްވުނެވެ. ސަގާފީގޮތުން މިކަން ހިނގަނީ ކުޑަރަސްމިއްޔާތެއް ސިފައިގައެވެ.

ތަޙްނީކް ކުރުމަކީ، ވިހެއުމުން ތުއްތުކުއްޖާގެ ކަނާއަތު ކަންފަތަށް ބަންގި ގޮވުމާއި ވާއަތުކަންފަތަށް ގަމަތް ދިނުމާއެކު، ކަދުރުކޮޅެއް ނުވަތަ މާމުއިކޮޅެއް ކަނާއަތު ޝަހާދު އިގިލިން ތުއްތުކުއްޖާގެ އަނގަޔަށްލާއި އެކުއްޖާގެ ތޯހިރުދުލުގައި ޖެއްސުމަށް ފަހު، ﷲ ގެޙަޟްރަތުގައި އެތުއްތު މަޢުޞޫމް ކުއްޖާއަށް ހެޔޮދުޢާ ދެންނެވުމެވެ. މިކަންކޮށް ދެއްވީ، ފަނޑިޔާރު ތައްޚާނަށް ބައްޕަވިދާޅުވާ އެޅެހެށިގޭ ކަރާމާތާއި މާތްކަން ލިބިގެންވާ ދަންނަބޭކަލެކެވެ.

ތަޢުލީމާއި ތަޖްރިބާ:

ވޮށިފިލާއިން އުނގެނުމުގެ އިތުރުން ގެއިންބޭރު ތާކަށް އެންމެފުރަތަމަ ކިޔަވަން ގެންދެވީ، މާލޭ މޮންޓްސޫރީ ނާސަރީ ސްކޫލަށެވެ. ފުރަތަމަ ދުވަހު އިލްޔާސް ގޮވައިގެން މޮންޓްސޫރީ ސްކޫލަށް ދިޔައީ އިލްޔާސްގެ ލޮބުވެތި މާމައެވެ. އެދުވަހު ސްކޫލްގައި ނުހުންނަން ވެގެންނާއި މާމައާ ވަކިނުވާންވެގެން ގަދަހދާއިރޮއި ހެދިކަމަށް ވެއެވެ. އަދި މޮންޓްސޫރީ ސްކޫލްގެ ނާޒިރު މިސިޒް ވެންކިޔުލަންބާގެ ކަނާއަތުގެ ފަލަމަސްގަނޑުގައި އިލްޔާސް ބާރަށް ދަތްއެޅިކަމަށް، އިލްޔާސްގެ މާމަ ކިޔައިދެއްވާފައި ވެއެވެ.

އެއަށްފަހު، ދެން ކިޔެވީ މަދްރަސަތުލް މަޖީދިއްޔާގައެވެ. ޕާކިސްތާނަށް ފުރުވާލަންދެން ހުންނެވީ މަޖީދިއްޔާގައެވެ. މަޖީދިއްޔާ ސްކޫލްގެ އިންޑެކްސް ނަންބަރަކީ، 345 އެވެ. މަޖީދިއްޔާ ސްކޫލްގެ ގްރޭޑް، 5 ގައި ކިޔަވަން ހުއްޓާ ކަނޑާލެއްވުމަށް ފަހު، 1971 ވަނަ އަހަރު، އިލްޔާސްގެ ކޮއްކޮ އިބްރީމް ރަޝީދު ހުސައިން (އޭރު އެންމެ، 12 އަހަރު) ގްރޭޑް، 3 ން ވަކިކޮށް، ދެބޭން އެކުގައި ފޮނުވާލެއްވީ ޢަރަބި ތަޢުލީމް ހާސިލުކުރުމަށް ޕާކިސްތާނަށެވެ.

އެޒަމާނުގައި ދިވެހި ދަރީންނަށް ޢަރަބި ތަޢުލީމު ކިޔަވައިދިނުމަކީ މާފެންވަރުމަތީ ކަމެކެވެ. އިލްޔާސާއި އިބްރާހީމް، ކިޔަވަން ފޮނުވުމަށް އެންމެރަނގަޅު ތަނަކީ، ޕާކިސްތާނު ފައިޞަލް އާބާދުގެ ހާޖީއާބާދު އަވަށުގައި ހުންނަ ”ޖާމިޢާސަލަފިއްޔާ” ކަމުގައި ކަނޑައަޅާއި ނިންމެވީ، މިދެބޭންގެ ލޮބުވެތި ބައްޕައެވެ. ބައްޕަގެ ވިސްނުމަށް މިކަން ވައްދައިދިނީ، ރާއްޖެއަށް ޕާކިސްތާނުން ޒިޔާރަތްކުރެއްވި ޕާކިސްތާނު އިސްލާމް އާބާދުގެ ބޭފުޅެކެވެ. މިމީހަކީ، ޝައިޚް ހުސައިން ޔޫސުފާއި ޝައިޚް އިސްމާޢީލް މުހަންމަދައި ގާތްގުޅުމެއް އޮންނަރައްޓެހި ބޭފުޅެކެވެ.

ފަހެ، އެޖާމިޢާގައި، އުރުދޫ ބަހުންނާއި ޢަރަބިބަހުން ދީނީތަޢުލީމު ފަސްއަހަރުވަރު ވަންދެން ކިޔެވުމަށް ފަހު، އަމިއްލަ މަސައްކަތުން، 1976 ވަނަ އަހަރުގައި ސައުދީ އެރެބިޔާ ސަރުކާރުން ދެއްވި، ސްކޮލަރ ޝިޕެއްގައި މަދީނާ ޔުނިވަރސިޓީން ޖާގައެއް ލިބިގެން، މަދީނާ މުނައްވަރާއަށް ބަދަލުވީ، ސަޢޫދީ ސަރުކާރުގެ އެހީގައެވެ. ފުރަތަމަ ދެއަހަރު ކިޔަވާ ވިދާޅުވީ، ޢަރަބިބަސް ދަސްކޮށްދޭ ބައިގައެވެ.

އެއަށްފަހު، އިބްތިދާއީބައި ނުނަންގަވާ ފެއްޓެވީ، ސާނަވީ ކްލާސްތަކެވެ. އެގޮތަށް ހަމަޖެހުނީ ފާކިސްތާނުން އިބްތިދާއީ ކްލާސްތައް ހެދިކަމަށް ލިބިފައިވާ ސެޓިފިކެޓްގެ މައްޗައް ބިނާކޮށެވެ. ސާނަވީއަށް ފަހު، ފެއްޓެވީ ކޮލެޖްގައި ކިޔަވާށެވެ. އިސްލާމިކް ތިޔޮލޮޖީންނާއި މަންޠިޤާއި ފަލްސަފާއިން ބީއޭޑިގްރީ، 1983 ގައި ހާސިލް ކުރެއްވުމަށް ފަހު، ދެން އިލްޔާސް ވަޑައިގަތީ އެމެރިކާގެ ސްޓޭޓެއް ކަމުގައިވާ، ކެލިފޯނިޔާގެ ސެންފްރާން ސިސްކޯ އަށެވެ.

ސަރުކާރުގެ ތަޖްރިބާ:

އަހަރެއްވަރު އެމެރިކާގައި އުޅުއްވުމަށް ފަހު، 1984 ގައި މާލެވަޑައި ގެންނެވި ތަނާހެން، ސަރުކާރުން ވަޒީފާއެއް ދެއްވީ، އެއަހަރު ޑިސެންބަރުމަހު، 11 ވަނަ ދުވަހުއެވެ. އަލަށް ހުޅުވުނު އިސްލާމީ މަރުކަޒުގެ މުސާޢިދު އަމީނުލް މަކްތަބާގެ މަގާމެވެ. 1984 ވަނަ އަހަރުން، 1990 ވަނަ އަހަރާ ހަމައަށް އިލްޔާސް ވަޒީފާއަދާ ކުރެއްވީ، އިސްލާމީ މަރުކަޒުގައެވެ.

އާދެ! އެވަޒީފާގައި ހުންނަވަނިކޮށް އެއްރެއަކު ސިފައިން ޖީޕެއްގައި އައިސް ޖަވާހިރުވާދީއަށް ވަދެ، ދޫނިދޫ ޖަލަށް އިލްޔާސް ގެންގޮސް ކުޑަގޮޅީގައި ބަންދު ކުރެއްވީއެވެ. އިލްޔާސް ބަލާދުރުވީ، އޭރު ސިފައިންގެ އޮފިސަރެއް ކަމުގައިވާ އަލްފާޟިލް އުމަރު ނަސީރު (ދޮންޖޭމު އުމަރު) އެވެ.

އިލްޔާސްގެ މައްޗަށް އޭރުގެ ކަޅުސަރުކާރުން އީޖާދުކޮށް އުފެއްދި ބައިވަރު މައްސަލަތަކެއްގެ ތުހުމަތުތައް އުފުލައިގެންނެވެ. އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތުގެ މައްސަލާގައި ގާނޫނީގޮތުން ދޫނިދޫ ކުޑަގޮޅީގައި ބަންދުކުރެވިފައި ހުންނެވި، އަލްފާޟިލް އަބްދުއްސައްތާރު އާދަމް، ސަޓޯއާއި އޭރުގެ ޑިފެންސް މިނިސްޓަރ އެންދެރިމާގޭ އިލްޔާސް އިބްރާހީމް، ސަޓޯ ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވިފައި ހުންނަވަނިކޮށް ކޯޑްލެސް ފޯނަކުން ދެއްކެވި ވާހަކަތައް ރެކޯޑުކޮށްފައިވާ، ކެސެޓް ރޯލް ރައްޔިތުންގެ ތެރެއަށް އާންމުކޮއްލި މައްސަލައާއި ”މަންތިރި” މަޖައްލާގައި ”03 ނޮވެންބަރ 1988މ، ގެނުރައްކާތެރި ޙަމަލާ މިހާރު މިއޮތްގޮތަށް ތާރީޚުގެ ތެރެއަށް ވަދެނިމޭނީ ތޯއެވެ؟” މިސުރުޚީގެ ދަށުގައި އިލްޔާސް ލިޔުއްވި މަޒްމޫނުގެ މައްސަލައާއި 1990 ވަނަ އަހަރު ސަރުކާރުން ނާޖާއިޒު އެދުންތަކާއި މަގްސަދުތައް ހާސިލްކުރުމަށް އުފެއްދި، ”ބިންބިފޯހާ” ދެކޮޅަށް ސަލްޓަން ޕާކުގައި އަމިއްލައަށް ގޭގައި އުފައްދާއި ގޮއްވާލި ކަޓޫރާ ބޮމުގެ މައްސަލައިގެ ތުހުމަތުތަކުގައި ބަންދުކުރެވުނެވެ.

ކަޓޫރަބޮން ގޮއްވާލަން ޖެހުނީ، ރާއްޖޭގައި ހިނގަމުންދާ އިސްލާހީ ހަރަކާތުގެ ޚަބަރުތައް ބޭރުދުނިޔޭގެ ސަމާލުކަމަށް ގެނައުމަށެވެ. އަދި އިސްލާހީ ހަރަކާތާ ދެކޮޅަށް ފަސާދަ އުފެއްދުމަށް ސަރުކާރުގެ އެހީގައި މާލެތެރެއަށް ނެރުނު ބިންބިފޯހުގެ މައްޗަށް ގަދަވެގަނެ ބޭރުދުނިޔެއަށް އެކަންތައް އެންގުމުގެ ބޭނުމުގައެވެ.

މަންތިރި މަޖައްލާއަކީ، އޭރުނުކުންނަމުން ދިޔަ މަޝްހޫރު މަޖައްލާ އެއްކަމުގައިވާ ސަންގު، ސަރުކާރުން ހުއްޓުވާލުމާ ގުޅުގެން އިލްޔާސްގެ މަސްއޫލުވެރިކަމުގެ ދަށުން ނެރެންފެއްޓެވި، ސިޔާސީ މަޖައްލާއެކެވެ. ފަހެ، މިކަންތައްތަކުގެ ތަހުގީގަށާއި އިއްވުނު ހުކުމްތަކާ ގުޅިގެން އިލްޔާސް، 3 އަހަރު ދުވަހު ޖަލުގައި ބަންދުކޮށްފައި ބެހެއްޓުނެވެ.

އޭގެތެރެއިން، 18 މަސް ދުވަހު ބެހެއްޓީ ދޫނިދޫޖަލުގެ ކުޑަގޮޅީގެ އަނިޔާގައި އެކަހެރި ކޮށްފައެވެ. އަނެއް، 18 މަސްދުވަހު ބެހެއްޓީ ކ.މާފުށީ ޖަލުގައެވެ. އަދި އެއަށް ފަހު، މިނިސްޓްރީ އޮފް ޑިފެންސްގެ މަތީބުރީގައި ހުންނަ ސިފައިންގެ އެންމެމަތީ ވެރިޔާ، ރައީސް މައުމޫނުގެ ކޮމާންޑްރޫމަށް، އެމަނިކުފާނު އަރިހަށް ގެންގޮސް އެކަހެރިކޮށް، 20 މިނެޓްއިރުގެ ބައްދަލުވުމަކަށް ފަހު އިލްޔާސް ދޫކޮށް ލެއްވީ، އޭގެއަނެއް ދުވަހު މިނިސްޓްރީ އޮފް އެޓޮލްސް އަށް، ސަރުކާރުގައި ކުރިންވެސް ހުންނެވިގޮތަށް ވަޒީފާ އަދާކުރެއްވުމަށް ނުކުންނަވާ ގޮތަށެވެ.

އާދެ! 1993 ވަނަ އަހަރުން ފެށިގެން، 2004 ވަނަ އަހަރާ ހަމައަށް އިލްޔާސް ހުންނެވީ، އެޓޮލްސް މިނިސްޓްރީގެ އެކިއެކިވަޒީފާ ތަކުގައެވެ. ވަކީލުކަމާއި އަންޑަރ ސެކްރެޓަރީ ކަމާއި ޑެޕިއުޓީ ޑައިރެކްޓަރ ފަދަ މަގާމު ތަކުގައެވެ. ލީގަލް ސެކްޝަނާއި ރީސެޓްލްމަންޓް ސެކްޝަނުގެ ވެރިކަން އިލްޔާސް ކުރެއްވިއެވެ.

އަދި ފާހަގަކޮށް ލެވޭގޮތަށް، އެންމެބޮޑު މަޝްރޫޢެއްގެ ގޮތުގައި އިލްޔާސް އެޓޮލްސްގައި ރީސެޓްލްމެންޓް ސެކްޝަނުގެ ވެރިޔަކަށް ހުންނެވި ދުވަސްވަރު ކުރެއްވި ފާހަގަކޮށް ލެވޭބޮޑު މަސައްކަތަކީ، ހދ.ހޮނޑައިދޫ ރައްޔިތުން އެކުގައި އެއަތޮޅު ހަނިމާދޫއަށް، ގެދޮރު އަޅައި ދިނުމަށް ފަހު، ހޮނޑައިދޫގައި ހުރި އެމީހުންގެ މިލްކިއްޔާތަށް ޝަރުޢީގޮތުން ފުރިހަމަ ބަދަލު ދިނުމާއެކު، ބަދަލު ކުރެއްވުމެވެ.

މިއީ ފަހަކަށް އައިސް އެއްފަހަރާ ކުޑަރަށެއް އެއްކޮށް ހުސްކޮށް ލެވުނު ފުރަތަމަ ފަހަރެކެވެ. އަދި ށ.ފިރުނބައިބޫ މީހުން އެކުގައި ށ.މިލަންދުވަށާއި ށ.އަތޮޅު ވެރިކަންކުރާރަށް ފުނަދުވަށް ހަމަމިފަދަ އެގްރީމެންޓެއްގެ ދަށުން ބަދަލުކުރެއް ވުމެވެ. ފިރުނބައިދޫވެސް ހުސްކޮށްލާއި ފަޅުރަށަކަށް ހެއްދެވީ އިލްޔާސްގެ ބުރަ މަސައްކަތުންނެވެ.

އިލްޔާސް އަމިއްލަފުޅަށް މިޕްރޮޖެކްޓް ފަރުމާކޮށް ނިންމެވުމުން އެޓޮލްސް މިނިސްޓްރީން އެޕްރޫވް ކުރެއްވީ، އޭރުގެ މިނިސްޓަރ އޮނަރަބްލް އަބްދުއްރަޝީދު ހުސައިނުގެ އޯޑަރަށް އެމަނިކުފާނުގެ އިރުޝާދާއި ލަފާފުޅުގެ މަތިންނެވެ. މިއީ އަބްދުއްރަޝީދު ހުސައިންގެ މޭސްތިރި ކަމުގެދަށުގައި އިލްޔާސް ގެބުރަ މަސައްކަތުން ފައްޓަވާއި ނިމެންދެން ހިންގެވި ޕްރޮޖެކްޓެކެވެ.

މިބުރުގައި ހދ.ހޮނޑައިދޫ އާއި ށ.ފިރުބައިދޫ އެއްފަހަރާހެން ހުސްކޮށް ލެވުނެވެ. އަދި ލ.އަތޮޅު ގަމުގެ ޞިނާޢީ ސަރަހައްދު ޑިޒައިންކޮށް ލޭންޑްޔޫސް ޕްލޭނެއްހަދައި އެރަށުމީހުން ނޫންމީހުންނަށް ގޯތިދެއްވާއި ލާމަރުކަޒީ އުސޫލުން އެމަޝްރޫޢު ވެސް ފަރުމާކޮށް ހިންގެވީ، މިނިސްޓަރ އަބްދުއްރަޝީދު ހުސައިންގެ ލަފާފުޅު މަތިން، އިލްޔާސް އިސްކޮށް ހުންނަވައި ގެންނެވެ.

އަދި ޅ.މާފިލާފުށީގައި ކޮށްފައިހުރި މަސައްކަތެއް ވިއްޔާ ކުރެވިފައިވަނީ، އެމަޝްރޫޢު ހިންގެވުމަށް އިލްޔާސް އިސްކޮށް ހުންނެވި ދުވަސް ވަރުގައެވެ. ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓް އެޓޮލްސް މިނިސްޓްރީ ދަށަށް ބަދަލުވުމުން އެޔުނިޓްގެ ވެރިކަން ދެއްވީ އިލްޔާސަށެވެ. މާފިލާފުށީގެ އިންޖީނުގެއާއި ރަށްވެހިގެއާއި ސްޓާފް ކުއާޓަރާއި ބަދަރުހެއްދެވުން ފާހަގަކުރެވެއެވެ. މިސްކިތާއި ސްކޫލާއި ހެލްތްސެންޓަރ ހުރީހަދާފައެވެ. އެހެނަސް މާފިލާފުށީގެ މަޝްރޫޢަކީ، ސިޔާސީ ސަބަބަކާހެދި އެއަތޮޅުގެ ވަކިރަށެއްގެ ބަޔަކު ރުއްސުމަށް، ރައީސް މައުމޫނުގެ ސަރުކާރުންނާއި ރައީސް ނަޝީދުގެ ސަރުކާރުން ގަސްދުގައި ފެއިލްކޮށް ލައްވާފައިވާ ޕްރޮޖެކްޓެކެވެ. މިހާރުވަނީ، އެރަށުގެ ދެކޮޅުން ސިފައިންނަށް ބިންދޫކޮށް، އެރަށުގައި ވަޒަންވެރިވެގެން ތިބިމަދުމީސްކޮޅު ބިކަހާލުގައި ޖައްސާއި ވިއްސިވިހާލިކޮށް ލާފައެވެ.

އަދި، ބައެއް އަތޮޅުވެރިންގެ ބައްދަލުވުންތައް ޚާއްސަކޮށް ލ.ފުނަދޫގައިއޮތް ބައްދަލުވުމާއި ބ.އޭދަފުށީގައި ބޭއްވުނު ބައްދަލުވުން، ރާވާއި ހިންގުމަށް ގައިމުކުރެވުނު ޓާސްކްފޯހުގައި ވަރަށް އިސްކޮށް އިލްޔާސް މަސައްކަތް ކުރައްވާފައި ވެއެވެ.

އަދި، 2003 ވަނަ އަހަރު ކ.މާފުށީ ޖަލުގައި ސިފައިން އަނިޔާކޮށް މަރާލެވުނު އުމުރުން، 19 އަހަރުގެ އަލްމަރްހޫމް ހަސަން އީވާން ނަސީމާއި ޖަލުގައި ސިފައިން ބަޑިޖަހައިގެން މަރުވިމީހުންގެ މަރާގުޅިގެން ޖަލާއި މާލެތެރޭގައި އެއަހަރު، 19-20 ސެޕްޓެމްބަރ ދެދުވަހު ހިނގާދިޔަ ސިޔާސީ ކަންތައްގަނޑާ ގުޅިގެން ސިޔާސީ މީހަކަށް، އެންމެ ފުރަތަމަ ދޫނިދޫ ޖަލަށް ގެންދަވާފައިވަނީ އިލްޔާސެވެ. އެޓޮލްސްގެ ވަޒީފާގައި ހުންނަވަނިކޮށެވެ.

އެކަން އެގޮތަށް ކުރެއްވުމަށް ސަރުކާރުން ނިންމެވީ، އެދުވަހު މާލެތެރޭގައި ހިނގާދިޔަ ސިޔާސީ ހަރަކާތްތަކާ ގުޅިގެން، 21 ވީއާދީއްތަ ދުވަހު ކުއްލިއަކަށް ބޭއްވުނު ކެބިންޓް ޖަލްސާއެއްގައި ކުއްލިގޮތަކަށް މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައެވެ.

ފަހެ، 20 ސެޕްޓެމްބަރ ވީހޮނިހިރު ދުވަހުއެރޭ، 8.00 ގައި ރައީސް މައުމޫނު ދިވެހި ގައުމާ މުޚާތަބު ކުރައްވައި ގައުމީ ރޭޑީޔޯއާއިޓީވީން ޚިތާބެއް ދެއްވުމަށްފަހު، ވަޒީރުން މަޖިލީހުގެ މިޖަލްސާބޭއްވެވީ، އަނެއް ދުވަހުއެވެ. އެޖަލްސާގައި ފޮޓޯގަނޑެއް ދެއްކެވުމަށް ފަހު، އެދުވަހުގެ ހަރަކާތުގައި އިސްވެ މޭސްތިރިއަކަށް އިލްޔާސް ހުންނެވި ވާހަކަ ވިދާޅުވީ، އޭރުގެ އިންފޯރމޭޝަން މިނިސްޓަރ އަލްފާޟިލް ސަމަރުބްލޫ އިބްރާހީމް މަނިކުކަން އެދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ދެމިނިސްޓަރަކު ފަހުން ވިދާޅުވެ ދެއްވާފައި ވެއެވެ. އިލެކްޝަންސް ކޮމިޝަން ޢިމާރާތް ރޯކޮށްލާއި ރައްޔިތުންގެ މަޖިލީސް ކުރާގޭގެ ތެރެއަށް ވަދެގަތީ އިލްޔާސް ފޮނުއްވި ގްރޫޕްތަކަކުން ކަމަށް އިލްޔާސާ ސިފައިން ސުވާލު ކުރައްވާފައި ވެއެވެ.

އަދި، ސިފައިން އީޖާދުކޮށް ހަދާފައިހުރި ފޮޓޯތަކެއް ވެސް ހެއްކެއްގެ ގޮތުގައި ދައްކާހެދިއެވެ. ތަހުގީގުގައި މިސުވާލުތައްކުރީ ރައްޔިތުންގެ މަޖިލީހުގެ ބައެއް އިއްޒަތްތެރި މެންބަރުން ބައިތިއްބައި ގެންނެވެ. އެހެންވުމުން ސިފައިންގެ ތެރެއިން ހެކިދޭނެ އޮފިސަރަކު ނުވެގެން ޝަރީޢަތަށް ފޮނުވޭވަރަށް އެކަންތައް ސާބިތު ނުކުރެވިގެން، 45 ދުވަސް ޖަލުގެ އަނިޔާގައި ގެންގުޅެފައި އިލްޔާސް ދޫކޮށްލެއްވީއެވެ.

މިބުރުގައި ޖަލުން ދޫކޮށްލެއްވީ، 05 ނޮވެންބަރ 2003މ، ވީބުދަ ދުވަހު މެންދުރުފަހު، 1.30 ގައެވެ. ބުރާސްފަތި ދުވަހު އޮފީހަށް އެޓޮލްސްއަށް އިލްޔާސް ނުކުން ނެވިއެވެ. އަދި އެދުވަސްވަރު، އެޓޮލް މިނިސްޓްރީގައި ހުންނަ އިލްޔާސްގެ ރަސްމީމޭޒުމަތީގައި ބަހައްޓާފައި ހުންނަފޯނުގައި ދޮޅުއިންޗިއެއްހާ ކުޑަކުޑަ ޓްރާންސް މީޓަރެއް ވަޅުލައިގެން، އިލްޔާސް ދައްކަވާ ވާހަކަތައް ސިއްރިއްޔާތުގައި އަޑުއަހަންވެގެން ބަޔަކު މަސައްކަތް ކުރިކަންވަނީ ސާބިތުވެ ފަޅާއަރާފައެވެ.

ރާއްޖޭގައި އޭރު އުފެދިފައިއޮތް އިސްލާހީ ހަރަކާތުގެ މިފަދަ ހާދިސާތަކާ ގުޅިގެން ސަރުކާރުން އިސްލާހީ ޕްރޮގްރާމެއް އެކުލަވާލައްވާއި އިސްލާހީ މަސައްކަތް ފެއްޓެވުމުގެ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިސް އެއްކުރައްވާނެކަން ރައީސް މައުމޫނު އިއުލާނު ކުރެއްވިއެވެ. އަދި ޚާއްސަ މިޖިލީހުގެ އިންތިޚާބު، 28 މެއި 2004 ވީހުކުރު ބޭއްވުނެވެ. މިއިންތިޚާބުގައި އދ.އަތޮޅުން ޚައްސަ މަޖިލީހަށް އިލްޔާސް ހޮވިވަޑައިގަތެވެ. ގާނޫނީހުވާ ކުރެއްވީ، 15 ޖޫން 2004 ވިއަންގާރަ ދުވަހު މަޖިލިސްކުރާ ގޭގައެވެ.

އަދި ރައީސް މައުމޫނުގެ މަޝްހޫރު އިސްލާހީ ތަޤްރީރު ދެއްވީ، 9 ޖޫން 2004 ވީބުދަ ދުވަހުރޭ އިސްލާމީ މަރްކަޒުގެ ހޯލްގައެވެ. މިތަޤްރީރުގައި ގާނޫނު އަސާސީއަށް ސަރުކާރުން ގެންނަން ބޭނުންފުޅުވާ ނުކުތާތައް ދިވެހި ރައްޔިތުންނަށް ވަރަށް ތަފްސީލުކޮށް ހާމަކޮށްދެއްވިއެވެ. މިޖަލްސާއަށް އިލްޔާސް ހާޒިރުވެލެއް ވިއެވެ.

އަދި ތަޤްރީރަށް ފަހު، ރައީސް މައުމޫނައި ބައްދަލުވެ ވާހަކަދެއްކެވިއެވެ. ރައީސް މައުމޫގެ އިސްލާހީ ތަޤްރީރަށް ފަހު، ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާމެދު، އާންމުބަހުސްތައް ފެށުނެވެ. މިގޮތުން މިނިވަން ބަހުސްގެ ނަމުގައި ހައެއްކަ ބައްދަލުވުން ބޭއްވުނެވެ. މިބައްދަލުވުންތައް އިންތިޒާމް ކުރުމުގައި އަމަލީގޮތުން އިލްޔާސް ބައިވެރިވެ ލެއްވިއެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ، 19 ޖުލައި 2004 ވީހޯމަ ދުވަހުއެވެ. އެދުވަހު މަޖިލީހުގެ ރައީސަކާއި ނައިބު ރައީސެއް ހޮވުމަށް ވޯޓުލާނީ އަތްހިއްލައިގެންތޯ ނުވަތަ ސިއްރުވޯޓަކުންތޯ ބެލުމަށް ފެށުނު ބަހުސް ހޫނުގަދަ ވެގެންގޮސް، ޚިޔާލުތަފާތު ވެގެން މަޖިލީސް ދޫކޮށް ނުކުންނެވި މެންބަރުން ތެރޭގައި އިލްޔާސް އިސްކޮށް ހުންނެވިއެވެ. ޖަލްސާދޫކޮށް ނުކުންނެވި މެންބަރުންނާ ނުލައި ޖަލްސާ ކުރިޔަށް ގެންދަވާއި ވޯޓުގެ ކަންތައް ނިންމާލައްވަން ރިޔާސަތުން މަސައްކަތް ފެއްޓެވުމުން، ވަރަށް އަސަރާއެކުގައި ވާހަކަދެއްކެވީ މިނިސްޓަރ ޙަމްދޫން ހަމީދެވެ. ޙަމްދޫނަށް ޖެހިވަޑައިގަތީ އޭނާގެ ބައްޕާފުޅަށް ނަސޭހަތް ދެއްވާށެވެ. އަސަރުން ފުރިގެންވާ މިވާހަކަކޮޅަށް ފަހު، ރިޔާސަތުން އެދުވަހުގެ ޖައްސާ ކުރިޔަށް ނުގެންދަވާގޮތަށް ހުއްޓާލެއްވީ، އެހެންދުވަހަކުން ނުނިމިއޮތްބައި ކުރިޔަށް ގެންދަވާގޮތަށެވެ.

އާދެ އެދުވަހު މަޖިލިސް ދޫކޮށް ނުކުންނެވި، 24 މެންބަރުންގެ ތެރެއިން، ރައީސް މައުމޫނާ ބައްދަލުކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތް، 23 ބޭފުޅުންނާއެކު، އިލްޔާސް ވެސް ވަޑައިގަތެވެ. އަދި މިޚިޔާލު ތަފާތުވުމާ ގުޅިގެން ގާނޫނީލަފާ، ޝަރުޢީ ކޯޓެއް މެދުވެރިކޮށް ހޯއްދެވުމުގެ މާތް މަގްސަދުގައި އެދުވަހު ޚައްސަ މަޖިލީހުގެ ރައީސްކަން ގާނޫނީ ހަމަތަކުހެ މަތިން، ވަގުތީގޮތުން ކޮށްދެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްއުސްތާޒު އަބްދުﷲ ހަމީދު އަމަލުކުރެއްވި ގޮތުގެ ޝަރުޢީ ނިޔާއެއް ހޯއްދެވުމަށް އެމައްސަލަ ކޯޓަށް ވެއްދި ތިންމެންބަރުންގެ ތެރޭގައި އިސްކޮށް އިލްޔާސް ހުންނެވިއެވެ.

މިނިވަން ބަހުސްތަކުގައި ބައިވެރިވެ އުޅުނު، އިސްލާހީ ހަރަކާތުގެ ބައިވެރިންތައް ބަންދުކުރަން ފެށުމުންނާއި ޚައްސަ މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދެވޭނެ އޮމާން ސުލްޙަވެރި މައުހައުލެއް ހޯއްދެވުމަށް މާލޭ މެންބަރު އިބްރާހީމް އިސްމާޢީލާއި އދ.މެންބަރު ގާސިން އިބްރާހީމައި ދެބޭފުޅުން އިސްކޮށް ތިއްބަވައިގެން މަޖިލިސް ދޫކޮށް ނުކުންނެވި އެހެން މެންބަރުންނާއެކު، މިނިސްޓަރ ޙަމްދޫން ޙަމީދާއި މިނިސްޓަރ މަޙްމޫދު ޝައުޤީއާއެކު ބައްދަލުކުރުމެއް ބޭއްވުނެވެ.

އަދި، 12 އޯގަސްޓް 2004 ވީހުކުރު ދުވަހު އިރުއޮއްސުނު ފަހުން، މއ.ބޯގަންވިލާގައި މީގެއިތުރު ބައްދަލުވުމެއް ބޭއްވުނެވެ. މިބައްދަލު ވުމުގައި އިލްޔާސް އިންނެވިއެވެ. މިބައްދަލުމުން ހިނގަމުން ދިޔަވަގުތު މިނިވަން ބަހުސްގައި ބައިވެރިވެގެން ބަންދުކުރި މީހަކު ދޫކޮށް ލުމުން، އެހެންމީހުން ދޫކޮށް ނުލަނީސް ގެއަށް ނުދާނެކަމަށްބުނެ، އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ގޮތުގައި ހަރަކާތްތެރިވެ އުޅުއްވާ، ޖެނީފާލަޠީފާއި އޭނާގެ ކޮއްކޮއާއި ސިފައިން އަނިޔާކޮށްގެން މަރާލި އީވާން ނަސީމްގެ މަންމަ، މަރިޔަމް މަނިކެއާއި މިފަދަ ބަޔަކު ސިފައިންގެ ކުރިމަތީގައި ހުންނަފޯން ބޫތުތައް ކައިރީގައި މުޒާހަރާކޮށް އަޑުގަދަ ކުރަންފެށުމުން، ޚަބަރުބަލައިލުމުގެ ގޮތުން، އިބުރާ އެތަނަށް ކުރުވިޒިޓަކަށް ވަޑައިގަތެވެ.

އެއަށްފަހު، ބޯގަންވިލާގައި ހިނގަމުން ދިޔަބައްދަލުވުމުގައި އިބުރާ ބައިވެރިވެ ވަޑައިގަތެވެ. އޭރުން ފެށިގެން މީހުންގަނޑު ދިޔައީ އެތަނަށް ގިނަވަމުންނެވެ. މިއީ، 12 އޯގަސްޓް ވަނަ ދުވަހުގެ އިރުއޮއްސުމަށް ފަހުގެ ވަގުތެވެ. ރޭގަނޑު، 7:30 އެހާކަންހާއިރު ޖުމްހޫރީ މައިދާނުގެ އުތުރުފަރާތު އިރުކަންމަތި ފުރިބާރުވެ މުޅިޖުމްހޫރީ މައިދާނާއި ސިފައިންގެ ކުރިމައްޗަށް މީހުންގަނޑު އެއްވެއްޖެއެވެ. ބޯގަންވިލާ ތެރޭގެ ބައްދަލުވުމުގައި ތިއްބެވި މެންބަރުން، ވީހާއަވަހަށް ޖުމްހޫރީ މައިދާނަށް ވަޑައިގެންދެއްވުން އެދި، ގާސިމް އިބްރާހީމަށް ލިބިލެއްވި ފޯނުކޯލަކާ ގުޅިގެން އެބައްދަލުވުން މެދުކަނޑާލާއި ހުރިހާ މެންބަރުން ވަޑައިގަތީ ޖުމްހޫރީ މައިދާނަށެވެ.

މިބޭފުޅުންނާއެކު، އިލްޔާސް ވެސް ޖުމްހޫރީ މައިދާނަށް ހާޒިރުވިއެވެ. އަދި މިކަމާ ގުޅިގެން، 13 އޯގަސްޓް ވީހުކުރު ދުވަހުރޭ އިލްޔާސް ކަނުބަނދެ ތަޅާލުމަށް ފަހު، ބިޑިއަޅުވާއި ޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވުނެވެ.

އަދި، 13 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ޙަމީދު އިސްތިޢުފާ ދެއްވުމުން، އެމަގާމަށް މ.ސީނާ އަހްމަދު ޒާހިރު ރައީސް މައުމޫނު އައްޔަން ކުރެއްވިއެވެ. ޚާއްސަ މަޖިލިސް އޮތީ، މެދުކެނޑިފައެވެ. ޖަލުގައި އިލްޔާސްމެން ބަންދު ކުރެވުނަސް އެބޭފުޅުންގެ އިސްލާހީ މަސައްކަތް ކާމިޔާބުވެއްޖެ ކަމުގެ އަލާމަތަކީ ރައީސް މައުމޫނު މަޖިލީހުގެ ރިޔާސަތަށް މިބަދަލު ގެންނެވުމެވެ.

ހަމީދަކީ އޭރުގެ އެޓޮލްސް މިނިސްޓަރަށް ވާތީ، އެކަމުގެ ހަސަދައާއި ބަދަލު ހިއްޕެވުމުގެ ގޮތުން، 21 ނޮވެންބަރ 2004މ، ގައި ސަރުކާރުން އިލްޔާސް ވަކިކުރެއްވީ، ތިންމަސް ދުވަހުގެ ނޯޓިސް ދެއްވައި އެމުއްދަތުގައި ވަޒީފާއެއް ނުހޯއްދެވޭ ގޮތަށް ޖަލުގައި އެކަހެރިކޮށް ބެހެއްޓެވުމަށް ފަހުގައެވެ.

އެބަންދަކީ، 12،13 އޯގަސްޓް 2004މ، ގެހާދިސާ، (ކަޅު ބުރާސްފަތި، ނުވަތަ ކަޅުހުކުރު) އާ ގުޅިގެން ދޫނިދޫޖަލަށް ގެންގޮސް ބެހެއްޓެވި ބެހެއްޓުމެވެ. މިބުރުގައި ބަރާބަރު، 124 ދުވަހު ބެހެއްޓެވުމަށް ފަހު ދޫކޮށްލެއްވީ، 14 ޑިސެންބަރ 2004މ، ވީއަންގާރަ ދުވަހު މެންދުރުފަހު، 2.12 ގައެވެ.

އާދެ، 08 ނޮވެންބަރ 2004މ، ވަނަ ދުވަހު ވަޒީފާއިން ވަކިކުރެއްވިކަން އެންގެވި، މިނިސްޓްރީ އޮފް ފައިނޭންސްގެ ޗިޓް ލިބިލެއްވީ، އިލްޔާސް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ހުންނަވަނިކޮށް، މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް، 29 ނޮވެންބަރ 2004މ، ވަނަ ދުވަހުއެވެ.

ސަބަބަކަށް ވިދާޅުވެފައިވަނީ، ދެއްވާފައިވާ ނޯޓިސްގެ މުއްދަތު ހަމަވިއިރު އެހެން ވަޒީފާއެއް ހޯއްދަވާފައި ނެތުމުގެ ސަބަބުން ވަޒީފާއިން ވަކިކުރައްވައި ފިކަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު: ޑީ/1899/2004 (2) ޗިޓުން އަންގަވާފައި ވާތީއެވެ. ނޯޓިސްދެއްވި، 3 މަސް ދުވަހު އިލްޔާސް ބަހައްޓަވާފައި ހުންނެވީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީ ގައި ނޯޓިސްދެވޭ މަގާމުގައެވެ.

ކަޅުހުކުރު ބޯމަތިވެފައި ވަނީ، ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ “ބޮޑުމަޖިލީހުގައި” އިލްޔާސް، އދ.އަތޮޅުގެ މެންބަރުކަން ކުރައްވަމުން ގެންދަވަނިކޮށެވެ. މިބުރުގައި ބޮޑުމަޖިލީހުގެ އިއްޒަތްތެރި، 13 ވަރަކަށް މެންބަރުން ދޫނިދޫ ޖަލަށް ގެންގޮސް، 11 އިއްޒަތްތެރި މެންބަރުން ޖަލުގެކުޑަ ގޮޅީގައި ހައްޔަރުކޮށް، ބަންދުކުރެއްވިއެވެ.

ޖަލުގެ ކުޑަގޮޅީގައި މިބަންދުގައި އިލްޔާސް އިންނަވަނިކޮށް، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި އީޔޫ ޕާލަމެންޓުން ފިނުއްވެވީމާ ވަޑައިގެންނެވި، 5 ބޭފުޅުންގެ ވަފުދަކައި، އަދި ވަކިން އެހެން ޒިޔާރަތެއްގައި އެމެރިކާ ސަފީރުގެ ނައިބު ދޫނިދޫ ޖަލަށް ވަޑައިގެން ބައްދަލު ކުރެއްވިއެވެ.

އެމެރިކާގެ އިއްޒަތްތެރި ސަފީރުގެ ބައްދަލުވުމުން ބަޔެއް ވެގެންދިޔައީ، ސިފައިންގެ ތެރެއިން ވަޑައިގެން ހުންނެވި، އަބްދުﷲ ރިޔާޒައި ވަކިން އެކަހެރިކޮށް އަޅުގަނޑާއެކު ދައްކަވާލެއްވި ޚާއްސަ ވާހަކަކޮޅަކަށެވެ. މިބުރުގައި ޖަލަށްލެވުނު ހުރިހާ ސިޔާސީ ލީޑަރުންނާ މިބޭފުޅުންނާ ބައްދަލުކޮށް ވާހަކަދައްކައި ހެއްދެވިއެވެ. އާދަޔާޚިލާފު މިބައްދަލުވުމުން އިލްޔާސް ގެހިތްވަރު އާލާވެ، ރާއްޖޭގެ މިނިވަން ޑިމޮކްރަސީއަށް އިތުރު މަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމަށް އަޒުމް ކަނޑަ އަޅުއްވާއި ނިޔަތް ވަރުގަދަ ކުރެއްވިއެވެ.

އިލްޔާސްގެ މައްސަލަ ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން ޝަރީޢަތަށް ފޮނުއްވާފައި ވަނިކޮށް، މިބުރުގެ އެންމެންނަށް އެކުގައި މުޅިން މަޢާފުދެއްވާއި މިނިވަންކޮށް ދޫކޮށްލެއްވީ، 26 ޑިސެންބަރ 2004 ވީއާދީއްތަ ދުވަހު، ރާއްޖެދުށް ބިރުވެރު ސުނާމީ ކާރިޘާ މެދުވެރި ވުމަށް ފަހު، 01 ޖެނުއަރީ 2005މ، ވަނަ ދުވަހު ރައީސް މައުމޫނު އާންމުކޮށް ދެއްވި ރިޔާސީ ބަޔާނަކުންނެވެ.

އާދެ، 4 އަހަރު ދުވަހުގެ ހޫނުގަދަ ބަހުސްތަކާއި ޖަދަލުކުރުމުގެ ބުރަމަސައްކަތާއެކު، މިނިވަން ޑިމޮކްރަސީގެ މައްޗަށް ލިޔެވުނު ގާނޫނުއަސާސީ، ވީހާއަވަހަށް ނިންމުމަށް ގަދައަޅައި އަމަލީ ގޮތުން ބޮޑުމަޖިލީހުގައި ވަރަށް ކެރިގެން ހީވާގިކަމާއެކު، އިލްޔާސް މަސައްކަތް ކުރައްވާފައި ވެއެވެ.

މަޖިލީހުގެ ރައީސް ހޮވުމުގެ ވޯޓެއްގައި ސިއްރުންތޯ ވޯޓުލާނީ، ނުވަތަ އަތްހިއްލައި ގެންތޯވޯޓުލާނީ ކުރެވުނު ބަހުސެއްގައި ރިޔާސަތުން އަމަލުކުރެއްވި ގޮތާމެދު، އިހްތިޖާޖު ކުރެއްވުމުގެ ގޮތުން މޭޒުކޮޅުމަތީގައި އަރައިގެން އިންނެވި ބޫޓުކޮޅު ބަހައްޓަވާފައި މަޖިލީހުގެ ތަޅުންދޫ ކުރައްވައި އެވޯޓު ނިމެންދެން ހުންނެވީ ތަޅުމުން ބޭރުގައެވެ.

އަދި އެހެން ބަހުސެއްގައި ދާއިރާގެ ރައްޔިތުންގެ ޝުޢޫރުތައް ފާޅުކުރުމަށް ރިޔާސަތުން ހުރަސްއަޅުއްވާއި މިނިވަންކަމާއެކު ވަގުތު ނުދެއްވުމުން މޭޒުކޮޅުމައްޗަށް އަރާހުންނަވައިގެން އެބަހުސްގައި ދަންނަވަން ބޭނުންވާ ޝުޢޫރުތައް މަޖިލީހުގެ ތަޅުމަށް ހަރުއަޑުން އިއްވެވިއެވެ.

މިއީ ސޯވިއެޓް ޔޫނިއަން ފަދަ ބޮޑެތި ގައުމުތަކުގެ ރައީސުން ދުނިޔޭގެ ބޮޑެތި ޕާލަމެންޓް ތަކުގައި މީގެކުރިން ކުރައްވާފައިވާ، ސިޔާސީ ކަންތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ހައްގުބަސް ނުބުނެވޭގޮތަށް ހިފޭއްޓޭނެ ހިނދުކޮޅެއް އެކަކަށްވެސް ގެނެވިގެން ނުވާނެއެވެ. ބޮޑުމަޖިލީހުގެ މަސައްކަތް ނިންމާލެވުނީ، 272 ޖަލްސާއިންނެވެ.

އާދެ! 26 ޖޫން 2008މ، ވަނަ ދުވަހުއޮތް ބޮޑުމަޖިލީހުގެ، 272 ވަނަ ޖަލްސާގައި ފާސްކުރައްވައި، 07 އޯގަސްޓް 2008މ، 06 ޝަޢުބާން 1429ހ، ވީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު ތަސްދީގު ކުރައްވާއި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމުން މިހާރުގެ އާއަސާސީއަށް އަމަލުކުރަން ފެށުނީއެވެ.

އާދެ، އާގާނޫނު އަސާސީގެ ދަށުން، 2008 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނުގެ، 30 އަހަރުވީ ދިގުވެރިކަން ނިމުމަކަށް އައިސް ގައިމުކުރެވުނު މަލްޓިޕާޓީ ނިޒާމުގެ ވެރިކަމުގައި، 2008 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދެމިގެންމިދާ، ރައީސް ނަޝީދުގެ އާސަރުކާރުގައި އިލްޔާސް ހުންނެވީ، ސްޓޭޓް މިނިސްޓަރ، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ގެމަގާމުގައެވެ.

ކިޔެވި ދުވަސްވަރުގެ ތަޖްރިބާތައް:

ކިޔެވި ދުވަސްވަރުގެ ތަޖްރިބާ ތަކުގައި ކަރާޓޭ، ޖޫޑޯ ޓްރެއިނިން ހޯއްދަވާފައި ވެއެވެ. އެޓްރޭނިން ތަކުގެ އުސްތާޒަކީ، ކެންބޯޑިޔާގެ ރައްޔިތެއް ކަމުގައިވާ ބްލެކްބެލްޓް ހޯލްޑަރ މިސްޓަރ މުހަންމަދު ހުސައިނެވެ. އަދި އަފްޣާނިސްތާނުން، ސޯވިއެޓް ޔުނިއަންގެ ފައުޖުތައް ބޭރުކުރުމަށް އެމެރިކާގެ އެހީތެރިކަމުގައި ކުރެވުނު ހަނގުރާމައިގާ ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭބޯޑަރު ސަރަހައްދުގައި ތަފާތު ޢަސްކަރީ ތަޖްރިބާތައް ޢަމަލީގޮތުން ވިޒިޓިން ސްޓޫޑެންޓެއްގެ ހައިސިއްޔަތުން ހޯއްދަވާފައި ވެއެވެ. އެދުވަސްވަރު ދީނީ ޖާމިޢާތަކުގައި ކިޔަވަންތިބޭ ކުދިން މިފަދަ އަމަލީ މަސައްކަތަށް ގެންގޮސް އުޅުނެވެ.

އަދި ޔުނިވަރސިޓީގެ ތަފާތު ކޭންޕް ދަތުރުތަކުގައި އަމަލީގޮތުން ބައިވެރިވެ، ސްކައުޓާއި ކެޑޭޓް ލީޑަރެއްގެ ހައިސިއްޔަތުން އެފަދަ ކޭންޕްތަކުގައާއި އެފަދަ މައިދާންތަކުގައި އަމަލީގޮތުން ގިނަގުނަ ތަޖްރުބާތަކެއް ހޯއްދަވާފައި ވެއެވެ.

އަދި ސައުދީ ޑިފެންސް ވުޒާރާއިން ޔުނިވަރ ސިޓީތަކަށް ހުޅުވާލައިގެން ހިންގެވި ފަޔަރ ފައިޓިން ކޯހެއްގައި ބައިވެރިވެ އެކޯހުން އެއްވަނަ ދަރަޖައިގެ އެންމެމަތީވަނަ ހޯއްދަވައިގެން ސެޓިފިކެޓެއް ހާސިލްކުރައްވާފައި ވެއެވެ. އަދި ކޮލެޖްގެ ތިންވަނަ އަހަރުގައި މުޅި ޔުނިވަރސިޓީން ހޮވާ އެންމެމޮޅު މިސާލީ ދަރިވަރުގެ މަގާމު ހޯއްދަވައި އެކަމުގެ ސެޓިފިކެޓަކާއި އަގުބޮޑު އިނާމުތައް ހޯއްދަވާފައި ވެއެވެ.

އަދި ސައުދީ ރަސްގެފާނު ޖަލާލަތުލްމަލިކް ޚާލިދު ބިން އަބްދުލްޢަޒީޒު ފައިންފުޅު ދުށުމަށް ޔުނިވަރސިޓީން ނެގި އެކިގައުމުތަކުގެ ކުދިންގެ ތެރެއިން ދިވެހިރާއްޖެ ތަމްސީލު ކުރުމުގެ ގޮތުން، އެރަސްގެފާނުގެ ފައިންޕުޅު ދެކިފައި ވެއެވެ.

ޔުނިވަރސިޓީ ދައުރުގައި އިލްޔާސަކީ، ވަރަށް މަޝްހޫރުކޮށް އެކިކަންކަމުގައި އިސްނަގަންކެރޭ ލީޑަރެއްގެ ރޯލުކުޅެމުންދިޔަ ޠޯލިބެކެވެ. ޔުނިވަރސިޓީ ތެރޭގައި ހުރިހާކުދިން ވެސް އިލްޔާސަށް ބޭނުންކުރާ ތުންމަތީ ނަމަކީ، “ޖެނެރަލް އިލްޔާސް” އެވެ. އެއީ އެކިއެކި ކޭންޕުތަކުގައި ފެނިފައިވާ ލީޑަރެއްގެ ރޯލުން ހޮވިފައިވާ ނަމެކެވެ.

އަދި މިނިސްޓްރީ އޮފް އެޓޮލްސްގައި އުޅުއްވި ދުވަސްވަރު، ރަށްފުށުގެ ތަރައްގީއާބެހޭ ތަފާތު ކުރު ކޯސްތަކަށާއި، ތަޖްރިބާ ހޯއްދެވުމުގެ ދަތުރުތައް ބަންގްލަދޭޝް އަށާއި ލަންކާއަށާއި އިންޑިޔާއަށާއި އޮސްޓްރޭލިޔާ އަށާއި ނިއުޒިލޭންޑަށާއި ފިޖީއަށާއި ދެކުނު ކޮރެޔާއަށް އެކިފަހަރު މަތިން ކުރައްވާފައި ވެއެވެ.

އަދި ދިވެހި ރާއްޖޭގެ އަތޮޅުތަކު ތެރޭގައި ތަފާތު ތަޖްރިބާތައް ހޯއްދެވުމުގެ ގޮތުންނާއި ރަސްމީ ދަތުރުތަކުގެ ގޮތުގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތަކުރާރުކޮށް ދެފަހަރު މަތިންހެން ޒިޔާރަތް ކުރެއްވުމުގެ ނަސީބު އިލްޔާސަށް ލިބިލައްވާފައި ވެއެވެ.

މީގެތެރެއިން ބައެއް ދަތުރަކީ، ރައީސް މައުމޫނު އަރިހުގައާއި މިނިސްޓަރ އަބްދުއްރަޝީދު ހުސައިން އަރިހުގައާއި މިނިސްޓަރ އަބްދުﷲ ހަމީދު އަރިހުގައި ކުރައްވާފައިވާ ރަސްމީދަތުރު ތަކެވެ. މިދަތުރު ތަކުގެތެރެއިން އަބަދުވެސް ހަނދާނުގައި ބިންވަޅުނެގިފައި ހުންނަ އާދަޔާޚިލާފު ހާދިސާއެއް ހިނގިދަތުރަކީ، އަބްދުއްރަޝީދު ހުސައިން އަރިހުގައި އުތުރަށްކުރެއްވި، ދަތުރެއްގައި ބަރާބަރުއެއްރޭ ހަތަރުދަމު ބ.އަތޮޅު ދޮރުކަނޑު ތޮށިގަނޑުމަތީގައި ގަދަރާޅާއި ގަދަވައިގެ ތެރޭގައި ވެހޭވާރެއާއި ގުގުރާ ގުގުރީގައާއި ވިދާވިދުވަރުގައި އިރުއަރަންދެން ތިބެންޖެހުނު ރެއެވެ. ދިޔަވަރު ބޮޑުވުމުން ބޮޑުގާފުންޏެއް ޖަހާއި އޭގެމައްޗަށް އަރާތިބެން ޖެހުނެވެ. ފަތިހު ދޯނިފަހަރުގައި މަހަށް ނުކުތް މީހުންނަށް އާދަޔާޚިލާފު ބޮޑުގާފުންޏެއް ފެނިގެން އެތަނަށް ގާތްކުރަންދެން އިލްޔާސްމެން ތިއްބެވީ އެބިރުވެރި ހާލުގައި ތޮށިގަނޑު މަތީގައެވެ. މިއީ ބޮޑުދިޔާގައި ނުފެންނަ ތޮށިގަނޑެކެވެ.

އިލްޔާސް ކައިވެނި ބައްލަވައި ގަތީ، 1998 ވަނަ އަހަރު ބަނގްލަދޭޝް ރައްޔިތެއް ކަމުގައިވާ، އަލްފާޟިލާ ރުކްސާނާ ސަވާ ރުކު އާއެވެ. 1998 ވަނަ އަހަރު ބަނގްލަދޭޝް ވެރިރަށް ޑާކާގައެވެ. މިކާވެންޏަށް އަންހެން ދެބޭފުޅުން މިހާތަނަށް ލިބިފައި ވެއެވެ. 2000 ވަނަ އަހަރު އުފަންވި، ތަންހާ އިލްޔާސް ހުސައިން އިބްރާހީމް (ޓޭން) އާއި، 2002 ވަނަ އަހަރު އުފަންވި، ރަމްހާ އިލްޔާސް ހުސައިން އިބްރާހީމް (ރޭމް) އެވެ. ދިވެހި ދައުލަތުގެ ގާނޫނު އަސާސީއާއި ގާނޫނީ ހަމަތަކުގެ މަތިން، 20 ސެޕްޓެމްބަރ 2010 ވީހޯމަ ދުވަހު، އިލްޔާސްގެ އަނބިކަނބަލުން ރުކްޝާނާއަށް ވަނީ، ދިވެހިރައްޔިތަކަށް ވުމުގެ ޝަފަފު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަރުވާފައެވެ. ރުކްޝާނާ ސަވާ ރުކުގެ ދިވެހި އައިޑިކާޑު ނަމްބަރަކީ، A- 390528   އެވެ.

ސިޔާސީ ތަޖްރިބާތައް:

ޕާކިސްތާނުގައި ކިޔެވުމަށް ހޭދަކުރެއްވި ޒުވާން ދުވަސްވަރު، އެކުގައިހެން އިލްޔާސް އުޅުއްވީ، އަމަލީގޮތުން ސިޔާސީހަރަކާތް ތަކުގައެވެ. ޕާކިސްތާނުގެ ސިޔާސީ މައިދާނުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ގެންދަވާ، ކުރީގެ މަޝްހޫރު ކުޅަދާނަ ޕައިލެޓެއް ކަމުގައިވާ، ރިޓަޔަރޑް އެއަރމާޝަލް އަޞްޣަރުޚާންގެ ޒަޢާމަތުގެ ދަށުގައި ޕާކިސްތާނުގައި ހަރަކާތްތެރި ވުމަށް އުފައްދަވާފައި އޮންނަ ސިޔާސީޕާޓީއެއް ކަމުގައިވާ، “ތަޙްރީކެ އިސްތިޤްލާލް” ޕާޓީގެ ފައިޞަލް އާބާދުގައި އޮންނަ ކިޔަވާކުދިންގެ ގޮފީގެ ސެކްރެޓަރީ ޖެނެރަލްކަން، 1971 ވަނައަހަރުން ފެށިގެން، 1976 ވަނަ އަހަރާހަމައަށް އިލްޔާސް އަދާ ކުރެއްވިއެވެ.

އަދި އެދުވަސްވަރުގައި ކިޔަވާ ކުދިންގެ ތަފާތު އެއްވުން ތަކާއި މުޒާހަރާތަކާއި އެކިއެކި ހިނގާލުންތައް ޕާޓީގެ ފަރާތުން އިންތިޒާމްކޮށް އެހަރަކާތް ތަކުގައި އަމަލީ ތަޖްރިބާ ލިބިލައްވާފައި ވެއެވެ. ލާޓީޗާޖުކުރުމާއި ކަރުނަގޭސް ޖެހުމުން ސަލާމަތްވެ ރެކޭނެހުނަރު ތަކުގެ ތަޖްރިބާ ހޯއްދަވާފައި ވެއެވެ. ކިޔަވާކުދިން ބައިވެރިވި އެކިމުޒާހަރާ ތަކުގައި ޕާކިސްތާނު ފުލުހުންނާއި ސިފައިންގެ ފުށުން، ލާޓީޗާރޖް ކުރުމާއި ކަރުނަގޭސް އަމިއްލަފުޅަށް އެތައްފަހަރަކު ތަޖްރިބާ ކުރައްވާފައި ވެއެވެ.

މުޒާހަރާ ތަކުގައި ދަތުރު ފަތުރުކުރާ ބަސްތައް ހުއްޓުވާއި ހުރިހާޕެސިންޖަރުން ބޭލުވުމަށް ފަހު، އުއްޑުން ޖަހާލުމާއި އަންދާލުމުގައި އަމަލީގޮތުން ބައިވެރިވެފައި ވެއެވެ. ކިޔަވާކުދިންގެ ތަފާތު މަޖައްލާތައް ނެރުމުގައި އެޑިޓޯރިއަލް ބޯޑުގައި އަމަލީގޮތުން މަސައްކަތްކޮށް، ތަފާތު މައުޟޫތަކަށް ގިނަލިޔުންތައް ދިވެހި ބަހުންނާއި އުރުދޫބަހުން ލިޔުއްވާފައި ވެއެވެ.

ކިޔެވި ދުވަސްވަރު، “އަލްބަޔާން” މަޖައްލާއާއި “އައްނިދާ” މަޖައްލާއާއި “ނަޔާ ޢަޒުމް” މަޖައްލާއާއި “ޞައުތުލް އިސްލާމް” މަޖައްލާއާއި “ޟައުއުލް އިސްލާމް” މަޖައްލާފަދަ މަޖައްލާތައް ޗާޕްކޮށްގެން ނެރެ، މިއިން ބައެއް މަޖައްލާތައް ރާއްޖެއަށް ޕޯސްޓުން ފޮނުވުމުގައި އަމަލީ ގޮތުން އިލްޔާސް އުޅުއްވާފައި ވެއެވެ.

މިދުވަސްވަރު ޕާކިސްތާނުގެ މަޝަހޫރު ސިޔާސީ ލީޑަރުން ކަމުގައިވާ ސައްޔިދު އަބުލްއަޢުލާ މައުދޫދީއާއި ނަވާބުޒާދާ ނަޞްރުﷲ ޚާނާއި އަލްޠޯފް ހުސައިން ޤުރައިޝީއައި އިލްޔާސް ބައްދަލު ކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކޮށް ބައެއް ރިޕޯޓްތައްލިޔެ، އިނގިރޭސި ބަހަށް ގެނެސް އަދި މޮޅެތި މަތީފެންވަރުގެ ޕްރޮފެސަރުން ލައްވައި މޮޅުރީތި އިނގިރޭސިއަށް ބަދަލުކޮށް ހެދުމަށް ފަހު، އެކިއެކި މުއައްސަސާ ތަކަށާއި ސައުދީ ސަރުކާރަށާއި ބައެއް ބައިނަލް އަގްވާމީ މުއައްސަސާ ތަކަށް ފޮނުވުމުގައި “މޯލްޑިވިއަން ސްޓޫޑެންޓްސް އެސޯސިއޭޝަން އޮފް ޕާކިސްތާން” ގެ ނަމުގައި ކިޔަވާކުދިންގެ ޖަމްއިއްޔާއެއް ޕާކިސްތާނުގައި ގައިމުކޮށް މިފަދަ އެތައް ސިޔާސީ މަސައްކަތެއް ކުރެއްވުމުގައި އަމަލީގޮތުން އިލްޔާސް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވާފައި ވެއެވެ.

އަދި އެދުވަސްވަރު ބައިނަލް އަގްވާމީ ބައެއް ޖަމާޢަތްތަކަށާއި އެމްނެސްޓީ އިންޓަރނެޝަނަލް ފަދަ ޖަމާޢަތްތަކާއެކު، ސިޓީގެ ޒަރީއާއިން ގުޅުން އުފެއްދިފައި ވާނެއެވެ. އަދި “މޯލްޑިވިއަން އިސްލާމިކް ޔޫތް އޯގަނައިޒޭޝަން” (މިޔޯ) ގެ ނަމުގައި ޖަމްޢިއްޔާއެއް ހަދާއި އެޖަމްޢިއްޔާގެ ވައިސް ޕްރެޒިޑެންޓްގެ ހައިސިއްޔަތުން ގިނަގުނަ ލިޔެކިޔުމުގެ މަސައްކަތްކޮށް އައްސައްޔިދު އަބުލްއައުލާ މައުދޫދީގެ ބައެއްފޮތްތައް ދިވެހިބަހަށް ގެނެސް ސައުދި އެރެބިޔާ ސަރުކާރުގެ އެހީގައި ކުވޭތުގެ ބައެއް ޖަމްޢިއްޔާތައް މެދުވެރުކޮށް ޗާޕްކޮށް ހައްޖުމޫސުމުގައި އެފޮތްތައް ބަހާހެދުމުގައި އަމަލީ ގޮތުން އިސްކޮށް ހަރަކާތްތެރިވެ އުޅުއްވާފައި ވެއެވެ.

މިމަސައްކަތް ތަކުގެ މޭސްތިރިއަކީ އަދި އުސްތާޒަކީ ޕާކިސްތާނަށް އަޅުގަނޑު މެންނަށްވުރެ ފަހުން ވަޑައިގެންނެވި، އަޅުގަނޑު މެންނަށްވުރެ އުމުރުންދޮށީ ރާއްޖޭގެ ސިޔާސީ މަސްރަޙް ޗާލުކޮށް ދެނެވަޑައިގަންނަވާ، ސިއްކަގޭ މުހަންމަދު ނިސީމް (ނަސީމްބެ) އެވެ. ނަސީމްބެއަކީ މިޔޯގެ ރައީސެވެ. ކިޔަވާހުރިހާ ކުދިންގެ ސިޔާސީ އެދުރެވެ.

އާދެ، ރާއްޖެ ފޮނުވުނު ހުރިހާ ފޮތްތަކެއް މިނިސްޓްރީ އޮފް ޑިފެންސުން ކޮންފިސްކޭޓް ކުރުމަށްފަހު، އޭރުގެ އަޑިނޭނގޭ ކަޅުސަރުކާރުން އަންދާލެއްވީއެވެ. 1990 ވަނަ އަހަރު ރައީސް މައުމޫނު ތަސްދީގު ކުރެއްވި، ސަތާރަ އަހަރުދުވަހުން އިސްލާހުކޮށް ނިންމެވި މަޝްހޫރު “ބޮޑުގާނޫނު އަސާސީ” ލިޔުއްވުމަށް އެކަށައެޅުއްވި “ބޮޑުމަޖިލީހުގެ” ޖަލްސާތައް، 1980 ވަނަ އަހަރުން ފެށިގެން ހިނގަމުން ދިޔައިރު، އެތަޅުމުގައި އުފެދިގެން ރާއްޖޭގައި އަލަށް އުތުރިގަތް އިސްލާހީ ހަރަކާތުގައި ލީޑަރުންގެ ގޮތުގައި އެންމެ އިސްކޮށް ނަގާކިޔުއްވި ސިޔާސީ އެދުރުންނަކީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އަލްފާޟިލް ގާސިމު އިބްރާހީމާއި މުހަންމަދު ތަޠީފު (ގޯގޯ) މެންފަދަ ބޭފުޅުންނެވެ.

އެބޭފުޅުންގެ ސިޔާސީ މަސައްކަތްތައް ވަރަށް ގާތުންދެކި، އެބޭފުޅުންގެ އަޑުތައް އެހުމަށް އެޖަލްސާތަކަށް ހާޒިރުވެ، އެލީޑަރުންގެ ސިޔާސީ މަސައްކަތްތަކުން، އަމަލީގޮތުން ތަޖްރިބާތަކެއް އެދުވަސްވަރު ކިޔަވާ ނިމިގެން އެނބުރި ރާއްޖެ ވަޑައިގެން ތިއްބެވި ކެނެރީގޭ އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) އާއި އިލްޔާސް މެންފަދަ ބޭފުޅުން ހޯއްދަވާފައި ވެއެވެ. އެއިން ޖަލްސާއެއްގައި މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ގެނެސް ސިޔާސީޕާޓީތައް ވުޖޫދަށް ގެނެސް، އުފެއްދުމަށް މެންބަރަކު އިސްލާހެއް ހުށަހެޅުއްވި ދުވަހު ރިޔާސަތުން އެކަން މަރާލެއްވީ، އިލްޔާސާއި އަންނިއާއި ކަޅުހުރާގޭ އަލްމަރްހޫމް މުހަންމަދު ލަތީފައި، 3 ބޭކަލުން އެޖަލްސާ އަޑުއަހަންވަދެ ތިއްބަވަނި ކޮށެވެ.

އާދެ، އެޖަލްސާގައި ރިޔާސަތުން އެކަން މަރާލެއްވުމުގެ އިހްތިޖާޖާއި ރުޅީގައި އަޑުއަހަން ތިބެފައި ނުކުމެ ވަޑައިގެން، ރާއްޖޭގައި ސިޔާސީޕާޓީއެއް ވުޖޫދަށް ގެނައުމަށް އަންނިއާއި ލަތީފުގެ މަސްއޫލު ވެރިކަމުގެ ދަށުގައި، 1994 ވަނަ އަހަރު، “ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ” (ޕީޑީޕީ) ގެނަމުގައި ކަމާބެހޭ ރަސްމީ ފޯމުތައް ފުރިހަމަ ކުރުމަށްފަހު، މިނިސްޓްރީ އޮފް ހޯމް އެފެއާޒަށް ވެއްދެވުމުގައި އަމަލީގޮތުން އިލްޔާސް އުޅުއްވާފައި ވެއެވެ.

އަދި، 2001 ވަނަ އަހަރު، 42 ބޭފުޅުން ސޮއި ކުރައްވައި “ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ” (އެމްޑީޕީ) ވުޖޫދަށް ގެނައުމަށް ކުރެވުނު ޖިހާދުގައި އަމަލީގޮތުން ވަރަށް އިސްކޮށް އަންނިއާއި ގާސިމާއެކު އުޅުއްވާފައި ވެއެވެ. އަދި، 19-20 ސެޕްޓެމްބަރ 2003 ގެހާދިސާއާއި، 12-13 އޯގަސްޓް 2004 ގެހާދިސާ، ކަޅުހުކުރުގައި އިސްކޮށް ހަރަކާތްތެރިވެ ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވުނެވެ.

އަދި، 5 ޖޫން 2005މ، ވީއާދީއްތަ ދުވަހު، “ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ” (އެމްޑީޕީ) ގެނަމުގައި ސިޔާސީޕާޓީއެއް އުފެއްދުމަށް ޝައުގުވެރިވާކަން ބަޔާންކޮށް “ސިޔާސީޕާޓީ ގަވާއިދު 2005″ ގެ ޖަދުވަލު، 1 ގައިވާ ފޯމް ފުރިހަމަކޮށް ހުށަހެޅި، 105 މީހުންގެ ތެރޭގަޔާއި ވަރަށް އިސްކޮށް އަންނިއާއި އެހެން އިސް ހަރަކާތްތެރީންގެ އިރުޝާދުތަކުގެ ދަށުން، އިލްޔާސް ހަރަކާތްތެރިވެފައި ވެއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ވަޑައިގަނެ ފުރަތަމަ ފޯމްތައް ޖަމާކުރުމުން ސަރުކާރުން ޖެއްސި ކޫސަނި މައްސަލަތަކާ ގުޅިގެން، އެމިނިސްޓްރީގެ ދޮރުމަތީގައި އިށީދެ ތިބެގެން، 105 ފޯމްފުރާ ހަމަކޮށްލީ އެންމެ، 4 ގަޑިއިރު ތެރޭގައެވެ. ކުރިންޖަމާ ކުރަންޖެހޭ މިފޯމުތައް ބަލައިގަނެ، 3000 މީހުންގެ ފޯމްތައް ހުޅަހެޅުމުގެ ހުއްދަލިބުމާއެކު، ހަމައެދުވަހު އެހުރިހާ ފޯމްތަކެއްވެސް ހުޅަހަޅާ ނިންމަވާލެއްވީ އިލްޔާސްގެ ބުރަ މަސައްކަތާ އެކުގައެވެ.

އަދި ސިޔާސީޕާޓީ ގަވާއިދުގެ ޖަދުވަލު، 2 ގައިވާފޯމުގައި، 3 މަސްއޫލުވެރިންގެ ގޮތުގައި ސޮއިކުރެއްވި، 3 މުއައްސިސުންގެ ތެރެއިން އެއްބޭފުޅަކީ ޚުދު އިލްޔާސެވެ. އަނެއް ދެބޭފުޅުންނަކީ، އަންނިއާއި ކޮށީގޭ އަބްދުﷲ ސަޢީދު (ކެޕްޓަން) އެވެ. އަދި އެފޯމްތަކާއި ހިންގާ ގަވާއިދާއި މެނިފެސްޓޯ ތައްޔާރުކޮށް ގެންނަންޖެހުނު އިސްލާހުތައް ވަގުތުންވަގުތައް ގެނެސް މިނިސްޓްރީއަށް ހުށަހެޅުމުގައި އަމަލީގޮތުން ރެއާއިދުވާލު އެންމެ ހަރަކާތްތެރިކޮށް އުޅުއްވި ބޭފުޅުން ތެރޭގައި އިދާރީމީހެއްގެ ގޮތުން އަންނިއާއެކު އެންމެ އިސްކޮށް އުޅުއްވާފައިވަނީ އިލްޔާސެވެ.

އަދި އެމްޑީޕީގެ އެންމެ ފުރަތަމަ ހުޅުވުނު އޮފީސް އުފައްދާއި އެއޮފީސް ހިންގުމަށާއި އެމްޑީޕީގެ ފުރަތަމަ ރަޖިސްޓްރާ ޖެނެރަލްކަން ކުރެއްވީ ޚުދު އިލްޔާސެވެ. އަދި އެމްޑީޕީ ރަޖިސްޓްރީ ވުމުގެ ކުރިން، 2004 ޖޫން މަހުންފެށިގެން މާލެތެރޭގައި ހިންގުނު، “މިނިވަން ބަހުސް” ތައް އިންތިޒާމް ކުރުމުގައި ވެސް އިލްޔާސް އަމަލީގޮތުން އުޅުއްވާފައި ވެއެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އިސްކޮށް އަމަލީ ގޮތުން އުޅުއްވަމުން، މިހާހިސާބަށް އާދެވުނުއިރު ފަސްފަހަރަށްވުރެ ގިނަފަހަރަށް އިލްޔާސް ދޫނިދޫ ޖަލަށް ގެންގޮސް ކުޑަގޮޅީގައި ބަންދުކޮށްފައި ވެއެވެ.

އެކިވައްތަރުގެ އަނިޔާވެރި ބިޑިތައްއަޅުވާއި އަނދަގޮނޑިއަށް ލާފައިވެއެވެ. އަދި ކިޔަވާ ނިމިގެން މާލެ ވަޑައިގަތް ތަނާހެން، 1984 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ވަރަށްފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސަށް އެއްރެއަކު ހާޒިރުކުރައްވައި އަލްފާޟިލް އަންބަރީ އަބްދުއްސައްތާރާއި އަލްފާޟިލް އިސްތަފާ އިބްރާހީމް މަނިކު، ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެގެން ކަމަށް އިޝާރާތް ކުރައްވަމުން، އިލްޔާސް ރާއްޖެއިން ބޭރުގައި ކިޔަވާވިދާޅުވި ދުވަސްވަރުގައި ލިޔުއްވާފައިހުރި ބައެއްލިޔުންތަކާ މެދު ސުވާލުކުރައްވައި އިންޒާރު ދެއްވާފައި ވެއެވެ.

އަދި އެގޮތަށް މީގެފަހުން ނުލިޔުމަށް އެންގެވިއެވެ. އަދި އޭގެފަހުން، ނުހައްގު އަނިޔާތަކެއް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންދީ، މަޖުބޫރުން އިއުތިރާފް ބަޔާންތަކެއް ތައްޔާރުކޮށް، ސިފައިން އަމިއްލައަށް ނަކަލީ ބަޔާންތައްލިޔެ ސޮއިކޮށްހަދައި، ރާއްޖޭގެ ޓީވީއާއިރޭޑިޔޯއިން އެބަޔާންތައް ކިޔައި ހެދުމަށްފަހު، 4 ހުކުމެއް ޝަރުޢީކޯޓް މެދުވެރިކޮށް އިލްޔާސްގެ މައްޗަށް ނުހައްގުގޮތުގައި އިއްވާފައި ވެއެވެ.

އެމްޑީޕީ ހަރަކާތުން ދުރަށްޖެހިލުމާއި ކުޑަޕާޓީއެއް އުފެއްދުމުގެ ފިކުރުއުފަންވުން:

ލާދީނީ ޢިލްމާނީ ޚިޔާލާއި ފިކުރުތަކުގެ ބައެއްމީހުންނާއި ރައީސްމައުމޫނު ސަރުކާރުގައި އިސްކޮށް ތިއްބެވި ފާސިދުވެފައިވާ ކޮރަޕްޓް ބައެއް މީހުން، އެމްޑީޕީ ތެރެއަށް ވަދެގަދަހަދާއި މަގާމުތަކަށް އަންނަން ފެށުމުން، އެކަމުގެ ހިތްހަމަ ނުޖެހުމާއި އުދާހުގައި އެމްޑީޕީގެ ފުރަތަމަ ސަފުން ފަހަތަށްޖެހި، ކުޑަދުވަސްކޮޅަކު ފަހަތު ބެންޗުގައި މަޑުކޮށް ލެއްވުމަށްފަހު، ކުދިޕާޓީތަކެއް ނެތި ފުރިހަމަގޮތުގައި ރާއްޖޭގެ އިސްލާހީ ހަރަކާތް ކާމިޔާބު ނުކުރެވޭނެ ކަމަށް ދެކެވަޑައިގަނެ، ސިޔާސީ އާޕާޓީއެއް ވުޖޫދަށް ގެނައުމުގެ މަސައްކަތް ފެށުމަށް އެމްޑީޕީން އިލްޔާސް ވަކިވެވަޑައިގަތީ، 10 އޮކްޓޯބަރ 2007 ގައެވެ.

އެއީ އެމްޑީޕީގެ ފުރަތަ ކޮންގްރެސް ކާމިޔާބުކަމާއެކު ނިމިގެން ދިއުމަށް ފަހުގައެވެ. އަދި އެއަށްފަހު، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކުގެ ގިޔާދަތުގައި “ގައުމީ އިއްތިހާދު ޕާޓީ” (ޖީއައިޕީ) ގެނަމުގައި ސިޔާސީޕާޓީއެއް ވުޖޫދަށް ގެނައުމުގައި ޑޮކްޓަރ މުސްތޮފާ ލުތުފީއާއި ޑޮކްޓަރ މުހަންމަދު އަލީއާއި ޑޮކްޓަރ ނަޒީރާއި ޑޮކްޓަރ ޝަފީޢުއާއި ކުޑަދަހަރާގޭ މުހަންމަދު ރަޝީދައި އަލްފާޟިލާ އައިންތުއަލީއައި އަލްފާޟިލް ޠޯރިޤްލުތުފީއާއި އަލްއުސްތާޒު ޢަދުނާނު ޔޫސުފައި މިފަދަ ޢިލްމީބޭފުޅުން ކޮޅަކާއެކު އަމަލީގޮތުން، އިލްޔާސް އިސްކޮށް ހުންނަވައިގެން އެބުރަ މަސައްކަތް ފެއްޓެވީއެެވެ. އަދި އޭގެނަތީޖާއެއްގެ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރި ކުރުމަށް ހުށަހަޅަންޖެހޭ، 50 ފޯމްގެ ބަދަލުގައި، 60 ބޭފުޅުންގެ ފޯމް ފުރިހަމަކޮށް، 24 ޑިސެމްބަރ 2007 ވަނަ ދުވަހު، އިލެކްޝަންސަށް ހުށަހަޅައި “ގައުމީ އިއްތިހާދު ޕާޓީ” (ޖީއައިޕީ) ވުޖޫދަށް ގެނައުމުގެ ރަސްމީ މަސައްކަތް އަމަލީ ގޮތުން ފެއްޓެވީ އިލްޔާސް އިސްކޮށް ހުންނަވައި ގެންނެވެ.

އަދި އެބުރަ މަސައްކަތުގެ މޭވާއެއްގެ ގޮތުގައި ޖީއައިޕީ، 4 ސެޕްޓެމްބަރ 2008 ވީބުރާސްފަތި ދުވަހު، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރެވުނެވެ. އެމްޑިޕީން ލިބިލައްވާފައިވާ ތަޖްރިބާއާއެކު، މިމަސައްކަތުގައި އަމަލީގޮތުން ވަރަށް އިސްކޮށް، އިލްޔާސް އުޅުއްވާފައި ވެއެވެ.

މިއަދު އިލްޔާސަކީ، ގައުމީ އިއްތިހާދު ޕާޓީގެ މެންބަރުންނާބެހޭ ދާއިމީކޮމެޓީގެ ޗެއާޕާސަނެވެ. އަދި އެޕާޓީގެ ކައުންސިލް (ގައުމީ ހިންގާ ކޮމެޓީ) ގެމެންބަރެކެވެ. އަދި އިލްޔާސަކީ، އެމްޑީޕީއާއި ގައުމީ އިއްތިހާދު ޕާޓީ ގުޅިލާމެހި އެއްބަސް ވުމެއްގައި ސޮއިކޮށް، 2008 ގެރިޔާސީ އިންތިޚާބަށް ނުކުތުމަށް އުފެއްދި، “އެމްޑީޕީ އިއްތިހާދު” އެއިންތިޚާބުގެ ދެވަނަ ބުރުގައި ކާމިޔާބު ކުރުމަށް ފަހު، އުފެއްދި އާސަރުކާރުގެ ސްޓޭޓް މިނިސްޓަރެކެވެ.

މިހާރު، 2017 އިންފެށިގެން ދިރިއުޅުއްވަމުން ގެންދަވަނީ، ސިޔާސީ ހިމާޔަތުގައި ނިއޫޒިލޭންޑުގައެވެ.