ޖަވާހިރުވާދީ އިލްޔާސް، ތިންވަނަފަހަރު ޖަލަށްލުން. ބާބުދޭއް.

މިއީ ތިންވަނަ ފަހަރު ޖަލަލުން ބާބުދޭއް ގެ ފެށުމެވެ:

01 ޖެނުއަރީ 1992 ވީ ބުދަދުވަސް، ޖަލުގައި ހުންނަތާ، 374 ވަނަ ދުވަހެވެ. މިއަދުހެދުނު ސައިބޮއި ނިމިގެން ބަދަލެއް އަންނަނީކަމުގެ އުފަލުގައި ހުއްޓާ، މެންދުރު އެކެއްޖެހިއިރު އަޅުގަނޑުބަލާ ސިފައިން އަތުވެއްޖެއެވެ. މިޚަބަރު ލިބުނީއްސުރެ އެންމެ ކަންބޮޑުވަމުން ދިޔައީ ޖަލުގެގޮޅިތައް ބެލެހެއްޓުމަށް ފޯރިއަށް އައިސްއުޅޭ ސިފައިންގެ އޮފިސަރެއްލައްވާ، އަޅުގަނޑުގެ ގެއިން ގެނުވައިގެން އަޅުގަނޑު އަތުގައި ފޮރުވައިގެން ގެންގުޅޭ ޖަޕާން ސޮނީކުންފުނިން އުފައްދާފައިވާ ވަރަށްކުޑަކުޑަ ކޭޝްކާޑްސައިޒްގެ އެފްއެމް، އަދި އޭއެމްލިބޭ ރޭޑިޔޯއެއް އަޅުގަނޑު އަތުގައި ގޮޅީގައި އޮތީމާއެކަމާއެވެ.

އެއްޖަލުން އަނެއްޖަލަށް ބަދަލުކޮށް އާޖަލަކަށް ވައްދާއިރު މާގަދަޔަށް ފާސްކޮށް ބަލާފާނެ ތީއެވެ. މިއީ އާންމުކޮށް އެހެން ގައުމުތަކުގައި ހިންގާކަމެކެވެ. އެހެންވެ ރާއްޖޭގައި ވެސް މިކަންމިގޮތަށް ހިންގަފާނެކަން އަޅުގަނޑަށް ލަފާކުރެވޭ ތީއެވެ. މިއަދު ކުރަންމިއުޅޭ ކަމަކީ ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރާށެވެ. މިއީ ކުޑަކުޑަ ޗާޖަރަކަށް ޖަހާލުމުން ޗާޖްވާގޮތަށް، އަދި ވަރަށްކުޑަކުޑަ އިއަރފޯނެއް ހިމަހިމަ ވާގަނޑެއް ބޭނުންކޮށްގެން އަޑުއެހޭގޮތަށް ހަދާފައި އޮންނަ، އެކުންފުނީގެ އެންމެކުދި ސައިޒުގެ ރޭޑިޔޯއެކެވެ.

ޖަލުގައި ބޭނުންކުރި ކުޑަކުޑަރޭޑިއޯ ހޯދިގޮތް:

ބޮޑުމިނަކީ ކޭޝްކާޑެއްގެ ސައިޒެވެ. ބޯމިނުގައި ދެސޫތުވަރު ހުންނާނެއެވެ. ޗާޖަތުގެސައިޒަކީ ވެސް މިއެވެ. އެހެނަސް ޗާޖަރުގައި ވޯކީޓޯކީސައިޒު ބެޓެރީ ލެއްވޭވަރަށް ބޯމިންހުރެއެވެ. ވޯކީޓޯކީސައިޒުގެ ތިންބުރި ބެޓެރީން އެތައްދުވަހެއް ވަންދެން ޗާޖްކުރެވެއެވެ. އަޅުގަނޑު ދޫނިދޫކުޑަގޮޅީގައި އޮންނަންޖެހުނު އަށާރަ މަސްދުވަހުން ބަޔަކާއި ގާމާދޫ ޖަލުގައި އޮންނަންޖެހުނު އަށާރަމަސް ދުވަހުގެ ތެރެއިން، ގެއިން ރޭޑިޔޯއެއް ގެނައުމުގެ ހުއްދަލިބިގެން ގެނެވެންދެން ބޭނުންކުރީ، މިދެންނެވި ކުޑަކުޑަ ރޭޑިޔޯއާއި އެރޭޑިޔޯއާއެކު ސިފައިންގެ އޮފިސަރު އަޅުގަނޑަށް ގެނެސްދިން ވޯކީޓޯކީ ސައިޒުގެހަބުރި ބެޓެރީއެވެ.

ފަހުން އިތުރުބެޓެރީ ހޯދާކަށް ނަސީބަކުން ނުޖެހެއެވެ. މިބެޓެރީތަކުގެ ބާރުނުދަނީސް ގެއިންރޭޑިޔޯއެއް ލިބިއްޖެއެވެ. މިރޭޑިޔޯ އަޅުގަނޑުއަތަށް، ދޫނިދޫޖަލަށް ގެނެސްދިނީ، ޖަލުން ބައްދަލުވި ސިފައިންގެ އޮފިސަރެކެވެ. މިއީ އަޅުގަނޑުމެންތިބޭ ގޮޅިތައް ބަލަހައްޓަން ޑިއުޓީއަށް ފޯރިމަރަން އަންނަ އެންމެއާދައިގެ އޮފިސަރުންގެ ތެރެއިން އޮފިސަރެކެވެ. މީނާއާ ފުރަތަމަ ގުޅުން އުފެދުނު ގޮތަކީ، އެއްދުވަހަކު އަޅުގަނޑާ ވާހަކަދައްކަމުން ސިގިރޭޓް ބޯންބޭނުންހޭ އަހާލުމުން، އެއީއެއްގޮތަކަށް ވެސް އަޅުގަނޑު ބޯއެއްޗެއް ނޫނޭ ބުނެއޭނާއަށް ޖަވާބުދެވުނު ހިސާބުންނެވެ.

ދެން އޭނާއަޅުގަނޑު ކުރެންއެހީ، ދުފާލާނެ ފޯއްކޮޅެއް ބޭނުންވޭތޯއެވެ. އެސުވާލު ކުރުމުންވެސް އަޅުގަނޑުދިން ޖަވާބަކީ، އެއީވެސް އަޅުގަނޑު ބޭނުންކުރާ އެއްޗެއްނޫނެވެ. އަދި އަޅުގަނޑަކީ އެފަދަ އެއްވެސް އަމަލެއްކުރާ މީހެއްނޫނޭ ބުނީމެވެ. ސިގިރޭޓްބޮއި ދުފާހަދާމީހެއް ނޫނޭބުނެދިނީމެވެ. ކޮންމެ ޑިއުޓީއެއްގައި ވެސް މިވާހަކަތައް މިގޮތަށް ދެކެވެން ފަށައިފިއެވެ. ދެން، އެހެން ދުވަހެއްގައި އިލްޔާސް ޖަލުގެކުޑަގޮޅީގައި ތިޔަގޮތަށް ހުންނައިރު، އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ވާހަކަދެކެވުމުގެ ތެރޭގައި އޭނާ ސުވާލުކޮށްލުމުން، އަޅުގަނޑު އެއޮފިސަރަށް ދެންނެވީމެވެ.

އަޅުގަނޑަކީ އެއްވެސް ކަހަލަ ބުއިމަކުން، ނުވަތަ ދުމަކުން، ނުވަތަ ވަހަކުން، ނުވަތަ ކުނޑިއަކުން އަމަލުވެ، މަސްތުވާ މީހެއްނޫނެވެ. އެފާޑުގެ މަސްތުވުމަކީ، އަޅުގަނޑު އެއްގޮތަކަށް ވެސް ނުދަންނަ އަމަލެކެވެ. ސިގިރޭޓާއި ދުފުމުގެ މަސްތަކީ، އަޅުގަނޑަށް އެއްގޮތަކަށްވެސް ބޭނުންވާ މަސްތެއްނޫނެވެ. އަޅުގަނޑަކީ، ސަތޭކަޕަސަންޓު ސިޔާސީ މީހެކެވެ. މުޅިން އެއާ ދުރު މީހެކެވެ. އެހެނަސް އަޅުގަނޑަކީ، ފިސާރިއަކަށް ސިޔާސީ މަސްތުވާ މީހެކެވެ. އަޅުގަނޑަށް ކަމެއްކޮށްދެންޏާ އެރޮނގުން އެހީއެއް ވެދޭށެވެ. އޭރުންފުދުނީއެވެ.

އެއީ ކިހެނެއްހޭ މިއޮފިސަރު ކަލޭގެ އަޅުގަނޑު ކުރެން އަހައިފިއެވެ. ދެން އަޅުގަނޑު އޭނާއަށް ބުނެދީފީމެވެ. އަޅުގަނޑު މިގޮތަށް ކުޑަގޮޅިއެއްގައި ކަނުއަނދިރީގައި މުޅިދުނިޔެއާވަކިން ބަންދުވެފައި ހުންނައިރު އަޅުގަނޑުގެ އުފަލަކަށް، އަދި މަސްތުވުމަކަށް ވާނީ، ރާއްޖެއާއި ރާއްޖޭންބޭރުގެ މުހިންމު ޚަބަރުތައް ދުވަހުންދުވަހަށް ހޫނުކަންމަތީގައި ލިބޭނެގޮތެއް ހަމަޖެހުން ކަމުގައި އޭނާގާތުގައި ބުނެދިނުމުން އޭނާވަރަށް އަވަހަށް ޖެހިލުމެއްނެތި ބުނެލައިފިއެވެ. އެކަން ކޮށްދީފާނަމެވެ. އެއީ އެއްވެސް ކަމެއްނޫނެވެ.

މިޖަވާބުން އަޅުގަނޑު ވަރަށްބޮޑަށް އުފާވިއެވެ. ދެން އޮންނަ ޑިއުޓީއަކަށް އަންނަދުވަހަކު، ކުޑަރޭޑިޔޯއެއް ގަނެގެން ބެޓެރީއާއެކު، އިލްޔާސަށް ގެނެސްދެންހޭ އެނާއަހައިފިއެވެ. މިހިސާބަށް ވާހަކަދިއުމުން، އަޅުގަނޑުފުންކޮށް ވިސްނާލާފައި އޭނާގާތުގައި ބެނެފީމެވެ. އޭ! މަގޭ ރަހްމަތް ތެރިޔާއެވެ! ތިޔައީ ސިފައިންގެ އޮފިސަރެކެވެ. އަހަންނަކީ، ކުޑަގޮޅީގައި ބަންދުވެފައިހުރި ސިޔާސީ ކުށްވެރިއެކެވެ! ގައުމީ މީހެކެވެ! ވަގެއްނޫނެވެ! ފޭރޭމީހެއްނޫނެވެ! ޒިނޭކުރި މީހެއްނޫނެވެ! މީހަކަށް އަދި މީހެއްގެ މުދަލަކަށް ގެއްލުން ދިން މީހެއްނޫނެވެ! މަނާއެއްޗެއްބޮއި މީހެއްނޫނެވެ! ސާފުސީދާ ސިޔާސީ މީހެކެވެ!

ޝައްކެއްނެތެވެ! ތިޔަކަމަކީ، ﷲއަށް ހެޔޮއެދިގެން، ﷲއަށް ޓަކާކޮށްދޭ ވަރަށްމުހިންމު ކަމަކަށް ވާންޖެހޭނެއެވެ. ނިޔަތް ރަނގަޅުވާން ޖެހޭނެއެވެ. ﷲ އަށް އިޚްލާޞްތެރި ވާންޖެހޭނެއެވެ. ދެފަރާތަށް ގެއްލުމެއް ލިބިގެން ނުވާނެއެވެ. ތިޔައީ ވަށްކަމެއް ނޫނެވެ. މީހެއްގެ ހައްގަށް އުނިކަމެއް ގެނެސްދޭ ކަމެއްވެސް ނޫނެވެ. ބޮޑުޖަރީމާއެއް ވެސް ނޫނެވެ. ﷲގެ މަގުގައި ސިޔާސީ މީހަކަށް ކޮށްދެވޭ ހެޔޮކަމެކެވެ. ގައުމަށްޓަކައި ކޮށްދެވޭ ކަމެކެވެ. ދަރުމަހުރި ކަމެކެވެ. ހަމަކަށަވަރުން އަޅުގަނޑު ޔަގީންކަން ދެމެވެ. މިކަމުން ފައިދާއެއް ކުރިއްޔާކުރާނީ ދިވެހިގައުމުގެ މުސްތަގުބަލަށެވެ.

އަޅުގަނޑުގެ ސިކުނޑިޔަށް ލިބޭތާޒާކަމަކީ، ރާއްޖޭގެ މުސްތަގްބަލަށް ލިބޭނެތާޒާ ކަމެއްކަން ކަށަވަރެވެ. ސައުވީސް ގަޑިއިރު އަޅުގަނޑުގެ ސިކުޑީގައި އެނބުރެމުން މިދަނީ ރާއްޖޭގެ މުސްތަގްބަލާއި ކުރިމަގު ބިނާކުރުމުގެ ވިސްނުންތަކެވެ. މިކަމުން ދިވެހި ގައުމަށް ދެރަކަމެއް ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން، ﷲ ގަންދީ އަޅުގަނޑު އަރުވަމެވެ. ކުރިޔަށްދަމާ ހިނގާށެވެ.

ފަހެ، އެއްގޮތަކަށް ވެސް، އަމިއްލަޖީބުން ޚަރަދުކޮށްގެން ގަންނާކަށް ނުޖެހޭނެއެވެ. އަމިއްލަފައިސާ އެކަމަށް ޚަރަދުކޮށް ހޭދަކުރާކަށް ނުޖެހޭނެއެވެ. އެއްވެސް ޚަރަދެއްނުކޮށް މިކަހަލަތަނެއްގައި ހުންނައިރު ސިއްރުން އަޅުގަނޑަށް ބޭނުންހިފޭފާޑުގެ ވަރަށްކުޑަކުޑަ ރޭޑިޔޯއެއް ރަހްމަތްތެރިޔާއަށް ކެރެންޏާ ވަރަށްފަސޭހައިން ލިބިދާނޭ ބުނީމާ، އޭނާބުނެފިއެވެ. އަވަހަށް ބުނެދޭށޭ ތިޔަކަންތައް ހެޔޮހިތުން އިލްޔާސަށް، ﷲއަށްޓަކާ ކޮށްދީފާނަމެވެ! ޒުވާނާއަށް ސާބަހޭ! އަޅުގަނޑު ދެންނެވީމެވެ!

އަޅުގަނޑު މިއޮފިސަރަށް މިމައުލޫމާތުތައް ދިނީ، މީނާމިކަންތައް ހެޔޮހިތުން ކޮށްދީފާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެކިފަހަރު މަތިން ހޯދާއި އަޅުގަނޑުގެ ޒަމީރަށް އެންމެ ފުރިހަމައަށް އެޔަގީންކަން ލިބުނީމައެވެ. އަދި މިކަންތައް، ﷲއަށް ޓަކައި އިލްޔާސަށް ކޮށްދެނީކަމުގެ ވަޢުދުބަސް އޭނާގެ ފަރާތުން އަޅުގަނޑަށް ކަށަވަރުވެ ލިބުނީމައެވެ. ދެން، އޭނާއާއެކު ދެކެވުނު ވާހަކަތަކުގައި އަޅުގަނޑު ބުނާތާކަށް، އަދި ބުނާމީހެއް ކައިރިއަށް މާލޭއަށް ދިއުމަށް ފަހު، ގޮސްދިނުމުން، އެމީހާގާތުގައި އަޅުގަނޑު ބުނާއެއްޗެއް ބުނެދިނުމުން ވަރަށްކުޑަ ރޭޑިޔޯއެއް ލިބޭނެކަމާއި އެރޭޑިޔޯ ލިބުމުން ވީހާއަވަހަށް އަޅުގަނޑުގެ އަތަށް ދޫނިދޫޖަލުގެ ކުޑަގޮޅިއަށް ގެނެސްދޭށޭ ބުނެފީމެވެ.

އޭރުންހުރިހާކަމެއް ނިމުނީއެވެ. އޮޕަރޭޝަން ކާމިޔާބުވީއެވެ. ދެންއެއަށް ފަހު، މިކަންތައް ތަންފީޒު ކުރުމަށް ކުރަންވީ ހުރިހާކަންތަކެއް އަކުރުންއަކުރަށް ވަރަށް ރަނގަޅަށް ސާފުކޮށް އެއޮފިސަރަށް ކިޔައިދީފީމެވެ. ބައެއްމަރްހަލާ ތަކުގައި ދުލުން ކިޔާލަންޖެހޭ ތަންތަނާއި ނިޔަތްގަންނަންވީ ގޮތްވެސް ބުނެދިނީމެވެ. ދެންމީނާ އަޅުގަނޑު ބުނެދިންގޮތަށް މިކަންތައްކޮށް ތަންފީޒުކޮށް ނިންމާއި ދެންއައި ހަފްތާގެ ޑިއުޓީއަށް އޭނާއައިސް، އެރޭޑިޔޯ ގެނެސް އަޅުގަނޑުއަތަށް ދީފިއެވެ.

ހަމައެވަގުތު އަޅުގަނޑު، ﷲއަށް ޝުކުރު ދެންނެވީމެވެ. އަދި އޭނާއަށް ތިޔަކޮށްދިން، ދަރުމަހުރި ހެޔޮކަންތައް މުޅިއުމުރަށް ހަދާނުގައި ބަހައްޓާނެ ކަމުގެ ޔަގީންކަން ދިނީމެވެ. އަދި އޭނާއަށް، ﷲ ހެޔޮދަރުމަ ދެއްވުންއެދި ދެންނެވީމެވެ. ދެންގޮޅީގެ އެތެރެއަށް އަޅުގަނޑު ޖެހިލައި އެންމެފުރަތަމަ ވެސް އަޅުގަނޑުކުރީ ދެރަކްއަތް ނަމާދެކެވެ. ޝުކުރުގެ މިނަމާދަށް ފަހު، ޗެކްކޮށްލިއިރު މިރޭޑިޔޯ މުޅިން ބަރާބަރެވެ. ދުނިޔޭގެ އެތަންމިތަނުގެ އަޑުފަށްގަނޑު ސާފުކޮށް ލިބެއެވެ. ބީބީސީ ބަރާބަރަށް ސާފުކޮށް ލިބެއެވެ.

އަޅުގަނޑު އެންމެ އަޑުއަހާހިތްވާ ޚަބަރު ޕްރޮގްރާމަކީ، ރާއްޖޭގެގަޑިން ހެދުނުހަގަޑި ތިރީހުގަޔާއި ރޭގަނޑު އަށްގަޑި ހަތްގަޑި ތިރީހުގައި ބީބީސީން ފޮނުވަމުން އަންނަ އުރުދޫބަހުން ފޮނުވާޚަބަރު ތަކެވެ. ހުޅުވާލައި ބީބީސީ ސާފުކޮށް ލިބުމުން، މިކަންތައް ކާމިޔާބުވީކަން ޔަގީންވެއްޖެއެވެ. މިކުޑަކުޑަ ރޭޑިޔޯއަކީ، އަޅުގަނޑު އިސްލާމީ މަރްކަޒުގައި ވަޒީފާއަދާކުރި ދުވަސްވަރު އެތާގައި އަޅުގަނޑާއެކު ވަޒީފާގައި އުޅުއްވި ރަންކޮކާ މުހަންމަދު ރަޝީދު ކައިރީގައި ބުނެގެން ސިންގަޕޫރުން ގެނުވި އެއްޗެކެވެ.

މިކަންކުރެވުނީ ދުނިޔޭގައިގެންގުޅޭ އެންމެކުޑަ ސައިޒުގެ ރޭޑިޔޯއެއް ހޯދުމުގެ ބޭނުމުގައެވެ. ރަޝީދު، އަޅުގަނޑުއަތުން މިކަމަށް ޗާޖްކުރީ އެންމެސަތޭކަ ޔޫއެސް ޑޮލަރެވެ. މިރޭޑިޔޯ އެދުވަސްވަރު ހޯދިފައިއޮތުމުން ޖަލުގައި އަޅުގަނޑަށް މިލިބުނީ ވަރަށްބޮޑު ނިއުމަތެކެވެ. އަދި ސިޔާސީގޮތުން ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. ރޫހާނީގޮތުންނާއި މާއްދީގޮތުން ސިކުނޑި ތާޒާކޮށް ބެހެއްޓުމަށް ލިބުނު އިތުރު ފުރުސަތެކެވެ.

މިކަންކޮށްދިން އޮފިސަރަށް ފަށްފަށުން އެތައްހާސް ޝުކުރެއް އަދާކޮށް އެތައްދުޢާއެއް ޖަލުގައި ހުރެގެން ޚަބަރުއަހާ ކޮންމެ ފަހަރަކުހެން އަޅުގަނޑު ކުރީމެވެ. މިކަންތައް މީނާކޮށްދިންތާ މާގިނަދުވަހެއް ނުވަނީސް މީނާގެޑިއުޓީ ދޫނިދޫން، އެހެންދިމާއަކަށް ބަދަލުވެ މީނާ ދެނެއް، އެއްގޮތަކަށް ވެސް ނުފެނެއެވެ. ދެން އެއަށްފަހު، މީނާއާއި އަޅުގަނޑާދިމާވީ މާފަހުން އެހެން ދުވަސް ވަރެއްގަނެވެ. މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު ވަޒީފާއަދާކުރި ދުވަސްވަރު، އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އަރިހުގައި ރާއްޖެތެރެއަށް ކުރިދަތުރެއްގައި ގއ.އަތޮޅުގެ ރަށަކުންނެވެ.

އަޅުގަނޑަށް އޭނާއޮޅުންފިލީ، އޭނާއަޅުގަނޑާ ތައާރުފްވެ ޖަލުގައި ހުރިއިރު ކުޑަރޭޑިޔޯއެއް ގެނެސްދިނީ އޭނާކަން އަޅުގަނޑަށް އަމިއްލައަށް ކިޔައި ދިނުމުންނެވެ. އޭރުއޭނާއަކީ ބޮޑުކަންނެއްޔަށް އެރަށުގައި މަހަށްދާ މީހެކެވެ. ސިފައިންގެއިން ކެނޑިގެން އެމަސައްކަތުގައި އުޅެނީކަމަށް އެނާބުނެދިނެވެ. އެދުވަހުވެސް އަދި އޭގެކުރިން ވެސް މީނާއަޅުގަނޑު އަތުން ފައިސާކޮޅަކަށް ނުވަތަ އެހެންއެއްޗަކަށް ވެސް ނޭދެއެވެ.

އޭރު ޖަލުގައިވެސް އަދި ފަހުންފެނުނު ދުވަހުވެސް އޭނާ ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އިލްޔާސްމެން ދިވެހި ރާއްޖެއަށާއި ދިވެހި ރައްޔިތުންގެ މިނިވަންކަމަށް އެއްވެސްބިރެއް ޖެހިލުމެއްނެތި ކޮށްދިންބުރަ މަސައްކަތުގެ ބަދަލުގައި އޭނާގެ ޖާނާއިވަޒީފާ ނުރައްކަލަށް ހުށަހަޅައި ބިރުންހުރެވެސް، ﷲއަށް ޓަކައި ކޮށްދިން ކަމެއް ކަމަށެވެ. އެއްގޮތަކަށް ވެސް ފަހުން ލިބިދާނެ އެއްޗަކަށް ނިޔަތްގަނެގެން ކޮށްދިންކަމެއް ނޫންކަމަށެވެ.

މުޅި އުމުރުގައި ތިންވަނަ ފަހަރަށް އަޅުގަނޑު އޭނާއައި ބައްދަލުވީ، 2008 ގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ވަތަން އެދޭގޮތަށްކުރި ކެންޕޭން ދަތުރެއްގައި ދެކުނަށް ގޮސްއުޅެނިކޮށް އޭނާގެ އަމިއްލަ ރަށުންނެވެ. އެފަހަރުވެސް އެއްވެސް ކަމަކަށް އަޅުގަނޑުގެ ފަރާތުން އޭނާއެއް ނޭދެއެވެ. އޭނާގެއަމިއްލަ ވަޒަނަށް އަޅުގަނޑު ގެންގޮސް އަޅުގަނޑަށް ސައިދީހެދިއެވެ. އަދި އޭނާގެ އަންހެނުން އަޅުގަނޑަށް ތައާރަފްކޮށް ދީހެދިއެވެ.

ކޮންމެ ފަހަރަކު ވެސް އަޅުގަނޑަށް އޭނާ އެނގެނީ އޭނާ އަމިއްލައަށް އަޅުގަނޑައި އިސްވެ ތަޢާރުފް ވުމުންނެވެ. އެއީ ގިނައިން ފެނިދެނިވިފައި ނުވާތީ ވާގޮތެކެވެ. ﷲ އޭނާއަށް ތާއަބަދަށް ހެޔޮރަހްމަތް ލައްވާށިއެވެ. އާމީން! ސިފައިންގެ ތެރޭގައި އުޅޭބައެއް އޮފިސަރުން އަޅުގަނޑާ ދޭތެރޭގައި އާދަޔާހިލާފަށް ހިތްހެޔޮވެފައި ރަނގަޅެވެ. އެމީހުން ގަބޫލުކޮށް ދެކެނީ އަޅުގަނޑު މެންނަކީ، ވަށްކަންކޮށް ބޮޑެތިޖަރީމާތައް ހިންގައިގެން ގެނެވިފައި ތިބިބައެއް ނޫންކަމަށެވެ.

ރައްޔިތުންގެ ހައްގުގައި ދިވެހިރާއްޖޭގެ އިސްލާހަށް ބިރެއްޖެހިލުމެއް ނެތި ނުކުމެ ގިނަގުނަ ކަންތައްތަކެއް ކުރި ބައެއްގެ ގޮތުގައެވެ. މީގެތެރޭގައި އަޅުގަނޑު މެންނަށް ޚަބަރުގެނެސްދޭ އޮފިސަރުން ތިބެއެވެ. އަދި އޯފްޑިއުޓީގައި މޫދަށްގޮސް އަމިއްލައަށް މަސްހިފައިގެން، އެމަސް ފިހެގެން ޑިއުޓީއަށް އަންނަމުން ގެނެސްދީހަދާ އޮފިސަރުންނާ ވެސް ކުޑަގޮޅީގައި ތިބި ނާމާން ދުވަސްވަރު ދިމާވިއެވެ.

އަޅުގަނޑު އެންމެކާހިތްވާ، ކާއްޓާއި ހިކިމަސް ގެނެސްދޭ ކުދިންވެސް ތިބެއެވެ. އަދި މިރޭޑިޔޯ ލިބުމުގެކުރިން މެދުއިރުމަތީގައި އެމެރިކާއާއި އެމެރިކާގެ އެކުވެރިން، 1991 ގައި ހިންގި “ޑެސާޓްސްޓޯމް” ގަލްފު ހަނގުރާމައިގެ ޚަބަރުތައް އަޅުގަނޑަށް ލިބެމުންދިޔައީ މިގޮތަށް ދިމާވާ އޮފިސަރުންގެ އެހީގައެވެ. ރޭޑިޔޯ އަތުޖެހެންދެން ޚަބަރުތައް ލިބެމުން ދިޔައީ މިފަދަ ގޮތްގޮތަށެވެ.

ބީބީސީން ފޮނުވާ ޚަބަރުތައް ރޭޑިޔޯއެއްގެ އަޑުން، ފަނޑުކޮށް ބައެއްރޭރޭފަތިހު އަޅުގަނޑު ހުރިގޮޅިއަށް ލިބެމުން ދިޔައެވެ. މިކަންތައް މެދުވެރިވާ ގޮތަކީ، އަޅުގަނޑު ދޫނިދޫޖަލުގެ ކުޑަގޮޅީގައި ހުރިއިރު ބޮޑުސިއްކަ ޖަލުގެ ސަރަހައްދުން ބޭރުގައި އޭނާ ހުންނަވާ ކޮޓަރީގައި ހުންނަވައިގެން ފަތިސްނަމާދަށް ފަހު، ބީބީސީ އައްސަވާއިރު އަޅުގަނޑަށް ފަނޑުކޮށް އެއަޑުއިވޭތީއެވެ. ބައެއްފަހަރު ސާފުވެ ކިޔާއެއްޗެއް އޮޅުން ފިލަނީއެވެ.

މެންދުރު ބާރަޖެހިއިރު ސުލައިމާނު ސަރުދާރު އަޅުގަނޑުބަލާ ގޮޅިއަށް އަތުވެއްޖެއެވެ. ސާމާނާއެކު ގޮޅިން ނެރެގެން ގެންގޮސް ދޫނިދޫޖަލު ދޯނީގައި ގާމާދޫއަށް ދިއުމަށް އަޅުގަނޑުމެންގެ ތެރެއިން ހަމީހަކު ގޮވައިގެން ފުރީއެވެ. ގާމާދޫއަށް އާދެވުނީ ގާތްގަނޑަކަށް އެއްގަޑިއެއްހާ އިރުވެފަވެ. މާގިނަ އިރުތަކެއް ދަތުރު ކުރުމުގައި ދޯނިމަތީގައި ނުނަގައި ވަރަށް އަވަހަށް ގާމާދޫއަށް އަޅުގަނޑުމެން ގެނެސް ބާލައިފިއެވެ. ފައިމަގު ހިންގާފައި ޖަލުސަރަހައްދަށް ގެންގޮސް ވެއްދީ ޖަލުގެ އޮފީސްބަޔަށެވެ.

ގާމާދޫ ޖަލުބަލަހައްޓާ އިސްބޭފުޅަކަށް ސިފައިންގެ ތެރެއިން އޭރުހުންނެވީ ފަލްކަން އޭކިޔާ ބޭފުޅެކެވެ. ފުރަތަމަ ފެނުމުންވެސް މީނާއަކީ، އަޅުގަނޑާ ދޭތެރޭގައި ހިތްހެޔޮ ހިތްތިރި މިޒާޖެއްގެ އަހްލުވެރިއެއްކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އަޅުގަނޑު ފެނުމުން ހަތަރުކަޅި ހަމަވެ އޭނާގެމޫނުމަތިން އަޅުގަނޑަށް އެފެނިގެންދިޔަ ހިނިތުންވުމުން މިކަން ފާހަގަ ކުރެވުނީއެވެ. އަޅުގަނޑު ކާރިވުމުން ކުރިޔަށްވުރެ ބޮޑަށް ހިނިތުން ވުމާއެކު ހީލެއްވިއެވެ. ޗެކްކުރައްވަން ހުންނެވީވެސް ޚުދު ފަލްކަން އެކަންޏެވެ.

ހީލައްވާފައި އަޅުގަނޑު ޗެކްކުރުމުގެ ގޮތުން ހަށިގަނޑުގައި ކޮނޑުން ފެށިގެން ފަޔާހަމައަށް ދެފަރާތުގައި ދެއަތްތިލަ ކާއްތާލެއްވިއެވެ. އަދި އަޅުގަނޑު އަތުގައިއޮތް ކުޑަސައިޒެއްގެ ބެކްޕެކްގައިހުރި އަންނައުނުގެ މަދުއެތިކޮޅު ނަންގަވާ ލައްވާފައި އެއްފުށަށް އަނެއްފުށަށް ބައްލަވާލައްވާފައި ފިތާލައްވާ ހައްދަވާފައި އަނބުރާ ބެކްޕެކަށް އަމިއްލަ އަތްޕުޅުން އެއަންނައުނުތައް އަޅުއްވައިފިއެވެ.

ބެކްޕެކް ބަންދުކުރެއްވުމަށް ޒިޕްއަޅުއްވައި ދެއްވީވެސް އެބޭފުޅާއެވެ. އެވަގުތު އަޅުގަނޑުހުރީ ދުލަށްއައި ހުރިހާ ހެޔޮއެއްޗެތި ކިޔުމުގައެވެ. ދެން އަޅުގަނޑަށް ޖަލުގެ ސަރަހައްދު ތެރެއަށް ވަނުމަށް އިޝާރާތްކޮށް ލެއްވީއެވެ. އާދެ، އަޅުގަނޑަށް މިބޭފުޅާ މިދެއްވީ އެބޭފުޅުންގެ މިންގަނޑުން ނަމަ، ވީވީއައިޕީ ޚިދުމަތެވެ. މިހިސާބުން އަޅުގަނޑު އެންމެބޮޑަށް ކަންބޮޑުވެގެން އުޅުނުކަންތައް ފަސޭހަކަމާއެކު ހައްލުވީއެވެ. އާޖަލަށް ކުޑަރޭޑިޔޯއާއެކު ވަދެވުމުން ފުރަތަމަވެސް، ﷲއަށް ޝުކުރު ދެންނެވީމެވެ.

އަޅުގަނޑު އަތުގައިއޮތް ކުޑަކުޑަ ރޭޑިޔޯއާއި ދެމޮހޮރު އާޖަލުތެރެއަށް އޮމާން ރީތި މަރްހަބާއަކާ އެކު އެތެރެކޮށް ލެވުނީތީއެވެ. އޭރު އަޅުގަނޑު އަތުގައިއޮތް ކުޑަރޭޑިޔޯ ފޮރުވާފައި އޮންނާނީ، ބެކްޕެކްތެރޭގައި ފަތްޖަހާފައިއޮތް އަޅުގަނޑުލާން ގެންގުޅޭ ޖީންސްފަޓްލޫނުގެ އެއްޖީބުތެރޭގައި ނުތެޅުވޭގޮތަށް ރަނގަޅަށް ހަރުކޮށްލާފައެވެ. ތިންބުރި ބެޓެރީއާއެކު ޗާޖަރބޭއްވީ ޖީންސްގެ ފައިކުރިތެރޭގައި ފުޅާކޮށް، ދެބުރަކަށް އޮޅާލާފައި އެއޮތްގޮތަށް ފަތްޖަހާލާފައެވެ.

އަނެއް ތިންބުރި ބެޓެރީވެސް ފޮރުވީ ޖީންސްގެ އަނެއްފައިކުރި ތެރޭގައި މިގޮތަށެވެ. ދެމޮހޮރުއޮތީ އަބަދުވެސް އެބާއްވައިގެން އުޅޭތަނުގައެވެ. ތުވާލީގެ ފަތީގެ ތެރޭގައާއި ފަޓުލޫނެއްގެ ފައިކުރީގެ ފަތީގެ ތެރޭގައެވެ. މިއިން އެކެއްޗެއް ވެސް، ﷲގެ އިރާދަފުޅުން އަޅުގަނޑު ފާސްކޮށް ބެލިއިރު ފެންނަގޮތެއް ނުވިއެވެ. އެއްވެސް މައްސަލައެއްނެތި އަޅުގަނޑަށް ގާމާދޫޖަލަށް އެތެރެ ވެވުނީއެވެ. މިހާހިސާބުން ހުރިހާބިރެއް ފިލައިގެން ދިޔައީއެވެ. އިތުރު މިނިވަންކަމެއް ލިބުނީއެވެ. ދޫނިދޫ ޖަލަށް ވުރެ ލުއިކަން މާބޮޑެވެ.

ހުކުމުގެ މުއްދަތުގައި ހުރީމާ ލުއިކޮށް އިންނަނީއެވެ. ނުބައެއް ނުހަދަންޏާ ނޯމަލްކޮށް ރަނގަޅުވާނެއެވެ. ގިނަގައިދީންތަކެއް އެއްކޮށް އެއްތަނެއްގައި އުޅެވެންފެށީއެވެ. އާޖަލަކަށް ބަދަލުވުމުން އަނެއްކާވެސް ތަކުރާރުކޮށް، ﷲއަށް އެތައްހާސް ޝުކުރެއް ދެންނެވީމެވެ. މާގިނައިރުތަކެއް ނުނަގާ އަޅުގަނޑު މެންނަށް ޚާއްސަކޮށް ހަދާފައިހުރި ކޮޓަރިބަރި ހުރި ސަރަހައްދަށް ވައްދައިފިއެވެ.

އަލަށް ލިބުނުކޮޓަރިއަށް ވަދެފަ ވުޟޫއުކޮށްލައިގެން ފުރަތަމަވެސް ކުރީ ދެރަކްޢަތް ނަމާދެކެވެ. އަޅުގަނޑުމެން އެންމެންވެސް ވެއްދީ އަލަށް ހަދާފައިހުރި ކޮޓަރިތައްހުރި ބަޔަށެވެ. މިބަޔަށް ޖަލުތެރޭގައި ފަހުންދެވުނު ނަމަކީ، “ސިޔާސީ މީހުންގެފައްޅި”  އެވެ. މިއީ ވަކިންވަދެވޭ ގޮތަށް ވަކިދޮރެއްލާފައި މުޅިން އަލަސް ހަދާފައި ހުރި ބައެކެވެ. މިއީ ގާމާދޫޖަލު ތެރޭގައި ވަކިންހަދާފައި ހުރިބައެކެވެ. މިބައިގާހުރީ، 7 ކޮޓަރިއާއި ވަކިން ގޯތިތެރޭގައި ހަދާފައިހުރި ދެފާޚާނާއާއި ވަކިން ގޯތިތެރޭގައި ބޮޑުކޮށް ހަދާފައިހުރި ކާގެއެކެވެ.

މިތަންތަން ހިމެނޭގޮތަށް މިބައިހުރީ ވަށާފާރުލާއި ބައްދާފައެވެ. މިއީ ކުޑަވަރެއްގެ ވަކިން ހުންނަ ބަންދުކޮށްޓެކެވެ. މިއިމާރާތްތަކަށް ބިންނެގުމަށްފަހު، ހުސްކޮށް އޮންނަނީ ތިރީސްފޫޓު ފަންސަވީސް ފޫޓުގެ ހުސްބިން ކޮޅެކެވެ. މިއީ ވައިތެރޭގައި އިށީދެލާ ހިތްހަމަޖައްސާލަން އެންމެންނުކުމެ ތިބެންއޮތް ހުސްބިންކޮޅެވެ. ގާމާދޫގައި ދެންމިގޮތަށް ވަކިބައެއްގެ ގޮތުގައި ހަދާފައި ހުންނަނީ، 3 ނޮވެންބަރ 1988 ގެ ހަމާލާގައި ބައިވެރިވި ދިވެހިން ބައިތިއްބާފައި ތިބޭބައެވެ.

އަޅުގަނޑުމެން ތިބޭބަޔަށް އެންމެފުރަތަމަ ވެއްދިމީހުންނަކީ އަޅުގަނޑުމެން، 6 މީހުންނާއި ގާމާދޫން ގެނެސްވެއްދި، 5 މީހުންނެވެ. މިތަނަކީ ވަރަށް އާކޮށްހުރި ތަނެކެވެ. ކޮޓަރިތައް ހުންނަނީ އެޓޭޗް ފާޚާނާއާ އެކުގައެވެ. ހަތަރުކޮޓަރިއަށް ހަތަރުފާޚާނާ އެޓޭޗްކޮށް ހުއްޓެވެ. ފާޚާނާދޮވެ ސާފުކުރަން ޖެހެނީ އަމިއްލައަށެވެ. ހުންނަނީ ތިންއެނދު ބެހެއްޓޭވަރުގެ ހަތަރުކޮޓަރިއާއި ދެއެނދު ކިރިޔާ ބެހެއްޓޭ ވަރުގެ ތިންކޮޓަރިއެވެ. މިތިންކޮޓަރި ތެރޭގައި ފާޚާނާއެއް ނުހުރެއެވެ. މިތިންކޮޓަރީގައި ތިބޭގައިދީން ދާންޖެހެނީ ގޯތިތެރޭގައި ވަކިންހަދާފައި ހުންނަ ދެފާޚާނާއަށެވެ.

އަޅުގަނޑު ފުރަތަމަވެއްދީ މިތަނުން ކުޑަކޮޓަރި އަކަށެވެ. އަޅުގަނޑާ އެކުގައި އެކޮޓަރިއަށް ގެނެސްވެއްދީ ލ.އަތޮޅު މާވަށު ހުސައިން އަބޫބަކުރު (ބެއްޔާ) އޭކިޔާ މީހެކެވެ. އަޅުގަނޑާއެކު ކޮޓަރިއަށްވެއްދި ބެއްޔާއަކީ ދޮންދަރިއެއްގެ ގަޔަށް އަރައިގެން ހުކުމެއް އިއްވާފައި ހުންނަމީހެކެވެ. ދެންތިބީ މީހުންތައް ބޮޑެތިކޮޓަރި ތަކަށް ބަހާލީއެވެ. ކޮންމެވަގުތެއްގައި ވެސް ކާންދޭންވީމާ، ކާބޯސާމާނު ނެގެސްކާގޭގައި ބެހެއްޓުމުން އެންމެން އައިސް ކާގޭގައި ހުންނަމޭޒު ކައިރީގައި ތިބެގެން ކަނީއެވެ.

އެއްވެސް އުނދަގުލެއް ނެތެވެ. ކެއުމުގެ ކަންތައްއޮތީ މިހެންކަން އެނގުމާއެކު ސައްޕެ ހެދިގޮތަކީ، ކާންހަދާނެ މީހުންނާއި ކާގެސާފު ކުރާނެ މީހުންގެ ޑިއުޓީއެއް އެންމެން ޝާމިލްކޮށްގެން ހަދާފައި ބެހެއްޓުމަށް ފަހު، އެއަށް އެންމެންވެގެން އަމަލުކުރަން ފެށީއެވެ. އެމީހަކު ހަޑިކުރާ އެއްޗެއް ދޮންނަންޖެހެނީ އެމީހެކެވެ. ޑިއުޓީން ދޮންނަންޖެހެނީ އެހެން ތަކެއްޗެވެ. ވަރަށް ތަރުތީބުން ހުރިހާކަމެއް ބަހާލައިގެން އެންމެންގެ މަޝްވަރާގެ މަތިން ބަރާބަރަށް މިކަންތައް އިންތިޒާމްވެގެން ކުރެވެން ފަށައިފިއެވެ.

ސައްޕެ އާއި އަޅުގަނޑާ، ދެމީހުން ދެޓީޗަރުންގެ ގޮތުގައިތިބެގެން ކްލާސްތަކެއް އެހެންމީހުންނަށް ނަގައިދޭން ފަށައިފީމެވެ. އިނގިރޭސި ކިޔަވަން ބޭނުންމީހަކަށް އިނގިރޭސި ބަސް ކިޔަވައިދެނީއެވެ. ހިސާބުކިޔަވަން ބޭނުންވާ މީހަކަށް ހިސާބު ކިޔަވައިދޭން ފަށައިފީމެވެ. އަޅުގަނޑުމެން ކިޔަވައިދެނީ އަޅުގަނޑުމެނާ އެކުގެނައި ބަންދުގައިއުޅޭ އަލިފާނުގެ މީހުންނަށާއި ދެން ގާމާދޫ ޖަލުތެރެއިން ނުލަފާކޮށް އުޅެގެން އަޅުގަނޑު މެންބަޔަށް ގެނެސްލީ މީހުންނަށެވެ.

ނަމާދުކުރުމަށް ހުންނަމިސްކިތް ހުންނަނީ މިބައިން ބޭރަށް ނުކުންނައިރު ފެންނަގޮތަށް ކުރިމަތީގައެވެ. ފުރަތަމަކޮޅު މިސްކިތަށްދާން ބޭރަށް ނުނެރެއެވެ. އެހެނަސް ދުވަސްކޮޅަކަށް ފަހުން ކޮންމެ ވަގުތެއް އައިސް ޖެހުމުން ނަމާދަށް ދިއުމަށް ނެރެއެވެ. އަދި ނަމާދުކޮށް ނިމުމުން ގެނެސް އެތެރެއަށް ވައްދައި މައިދޮރު ތަޅުލަނީއެވެ. ހުކުރަށް ވެސް ނެރެނީ މިގޮތަށެވެ. ހުކުރުދުވަހު ހުކުރުކޮށްދޭން މީހަކު ހުރެއެވެ. ނަމާދު ކޮށްދޭން ވަކިމީހަކު ނުހުރެއެވެ. ގާމާދޫޖަލުގެ މިބަޔަކީ މިއަދު އަހުރެމެންނާއެކު އަލަށް ހުޅުވިގެން ދިޔަބަޔެވެ.

މިއަދު އަޅުގަނޑު މެންގެ އިތުރަށް މިބަޔަށް ގެނައީ ކުޑަކުދިންގެ މައްސަލަ ތަކުގައި ހުކުމް އިއްވާފައިތިބި ތިންމީހަކާއި ވައްކަމުގެ ކުށަށް ހުކުމްއިއްވާފައި ތިބިދެމީހެކެވެ. މިފަސްމީހުން ގެނެސްވެއްދީ ގާމާދޫންނެވެ. މިތަނަށް އަޅުގަނޑުމެން ވެއްދުމުން ވަރަށް އުފާވެހިތްހަމަ ޖެހުނެވެ. ކުޑަގޮޅީގެ އަނިޔާވެރި އެކަނިވެރި ބަންދުން ސަލާމަތް ވީމައެވެ. އެންމެން އެކުގައި ބައްދަލުވެ ވާހަކަދައްކާއި މަޖާކޮށް ހެދޭތީއެވެ. ދެންމާކަ ގޯހެއްނޫނެވެ. އެދޭހުރިހާ ކަމެއްކޮށްދެއެވެ. މިބައި ބަލަހައްޓަނީ ޕްރިސަންސް ޑިވިޝަނުންނެވެ.

ރަސްމީކޮށް ސިފައިންނެއް ނޫނެވެ. އެހެނަސް އަބަދުވެސް ސިފައިން ޑިއުޓީއަށް ތިބޭތަންފެނެއެވެ. ކިރިޔާކަމެއް ދިމާވިޔަސް އެޓެންޑްކުރަނީ ސިފައިންނެވެ. ގާމާދޫ ޖަލުގެ ކުދިގޮޅިތައް ހުންނަނީ މިބަޔާވަރަށް ކައިރީގައެވެ. ހަޅޭލަވާއަޑާއި އެގޮޅިތަކުގައި ހިންގާކަންތަކުގެ އަޑުފަށްގަނޑު ރީތިކޮށް މިބަޔަށް އިވެއެވެ. ކޮންމެއަކަސް މިރޭވަރަށް އަރާމު ނިންޖެއްގައި ރަނގަޅަށް ނިދާލެވުނެވެ. ކުރީގެ ބިރުވެރި ނާމާންކަމުން އެތައްބައެއް އުނިވެގެން ހިނގައްޖެކަން އިހްސާސް ކުރެވުނެވެ.

2 ޖެނުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 375 ވަނަ ދުވަހެވެ. މިއަދު ގެއިންކާނާ ވަށިގަނޑެއް ލިބުނެވެ. އެންމެން ބަހާލައިގެން ވަރަށްމަޖާކޮށް ކައިހެދީމެވެ. އެކުވެރި އެއްއާއިލާއެއްގެ ދިރިއުޅުމެއް ކަހަލައެވެ.

3 ޖެނުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 376 ވަނަ ދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި އޮފީހުން ޕްރިސަންސްގެ ބޭފުޅުން ވަޑައިގެން އަޅުގަނޑުހުރި ކުޑަކޮޓަރިންނެރެ ބޮޑުކޮޓަރިއަކަށް ބަދަލުކޮށް ދީފިއެވެ. މިއީ އަޅުގަނޑު އެދިގެން ކޮށްދިން ކަމެއްނޫނެވެ. ބެއްޔާއާއެކު އަޅުގަނޑު އެޓެޗްފާޚާނާއެއް ނެތްކޮޓަރިއެއްގައި ނުބޭއްވުމަށް އެބޭފުޅުންގެ ހިތަށް، ﷲ ވައްދަވައި ދެއްވީއެވެ.

މިކަމާވެސް އަޅުގަނޑު، ﷲއަށް ޝުކުރު ދެންނެވީމެވެ. އަޅުގަނޑު ބޮޑުކޮޓަރިއަށް ބަދަލުކުރިއިރު އެކޮޓްރީގައި އުޅެނީ އެންމެމީހެކެވެ. އަނެއް ދެއެނދުހުރީ ހުސްކޮށެވެ. އަޅުގަނޑު މިކޮޓަރިއަށް ގެނައުމުން މިކޮޓަރީގައި ދެމީހުން ހަމަވީއެވެ. މިކޮޓަރީގައި އަޅުގަނޑާއެކު ޝެއާކުރާމީހާގެ ނަމަކީ ހ.ޅަރީތިގޭ އަހްމަދު ރަޝީދެވެ. މިއީ އަޅުގަނޑު މީނާއައި މުއާމަލާތުކުރާ ފުރަތަމަ ދުވަހެވެ.

މީނާއައި ރައްޓެހިވެ ވާހަކަދައްކާ ލުމުންބުނީ މިނާއަށް ހުކުމް އިއްވިފައިވަނީ، މީނާއާ އަދި ތަންބިނަސީމުގެ ދަރިފުޅު ފާޒިރުއާ ދެމީހުންވެގެން ރޭގަނޑު ގޭގެއަށްވަދެ އަންހެންކުދިން ނިދާފައިތިއްބާ އެކުދިންގެ ހެދުންކަފާލައި ޖަނގިޔާކަފާލައި ބުރާނައްޓުވާހަދައި ފޮޓޯނަގާއި އެކުދިންނާ ބެހިހަދައިގެންނާއި އެގެތަކުން ވައްކަން ކުރުމާގުޅިގެން ހުކުމްއިންވުނު މީހެއްކަމަށެވެ. މިއިންބޮޑު ކޮޓަރިއެއްގައި ހުންނަނީ ތިންމީހުންގެ ޖާގައެވެ. ތިންއެނދު ބަހައްޓާފައެވެ. ކުޑަތިންކޮޓަރީގައި ހުންނަނީ ކޮޓަރިއެއްގައި ދެއެނދެވެ. ރީތިރަނގަޅު އެނދެވެ. އާގޮދަޑިއާއި އާބާލިހާއި އާބެޑްޝީޓު ދީފައި ހުއްޓެވެ. އެޓެޗް ފާޚާނާވެސް ހުރީތަށިމުށިޖަހާ ވަރަށްރީއްޗަށް ހަދާފައެވެ.

ކޮންމެދުވަހަކު ފާޚާނާދޮވެ ސާފުކޮށްހަދަނީ އަޅުގަނޑެވެ. ޅަރީތި މިއިންކަމަކާ އެއްގޮތަކަށް ވެސްނޫޅެއެވެ. އެސޮރަށް ކާންދިނުމާއި ކިޔަވައިދިނުމަކީ ވެސް އަޅުގަނޑު ގަވާއިދުން ކުރަންޖެހޭ ކަމެކެވެ. ކޮޓަރިހުރީ ސީލިންގކޮށް އެނބުރޭފަންކާލާއި ވައިރުކޮށް ހޮޅިބުރިހަރުކޮށް ކުލަލާހަދާފައެވެ. އެއްވެސް ދަތިކަމެއް ކޮޓަރީގައި ނެތެވެ. ފާޚާނާ ސާފުކުރަން ބުރުހަކާއި ވިމްފުޅިއަކާ ގެނެސްދީފައި ހުއްޓެވެ. ކޮޓަރިސާފުކުރަން ފިހިގަނޑެއް ވެސް ދީފައި ހުއްޓެވެ. ދެމީހުންގެ ތިންކޮޓަރިއާއި ތިންމީހުންގެ ހަތަރުކޮޓަރިއެވެ. ޖުމްލަ، 18 މީހުންގެޖާގަ މިބައިގައި ހުރެއެވެ.

އެހެނަސް މިވަގުތު އަދިތިބީ، 11 ގައިދީންނެވެ. އެއީ ދޫނިދޫންގެނައި، 6 މީހުންނާއި ގާމާދޫޖަލުން މިބަޔަށް ވެއްދި، 5 މީހުންނެވެ. ދޫނިދޫން މިބުރުގައި ގެނައީ އަޅުގަނޑު (ޖަވާހިރުވާދީ އިލްޔާސް) އާއި ބޮޑުސައްޕެ (މުހަންމަދު ޝަފީގު) އާއި ވިސާމާއި ނާސިރާއި ކާދޫއިބުރޭއާއި ހީރޯއެވެ. އަޅުގަނޑާއި ސައްޕެއާފިޔަވާ ދެންތިބި، 4 މީހުންނަކީ މާލެތެރޭގައި ހުޅުޖެހިމީހުންގެ ތެރެއިން، 4 މީހުންނެވެ. ދެން ގާމާދޫޖަލުން ވެއްދިމީހުންގެ ތެރޭގައި ވައްކަންކުރި ގްރޫޕެއްގައި ހިމެނޭދެމީހަކު ވެސް އުޅެއެވެ. އެއީ ޅަރީތިއާއި ފާޒިރެވެ.

ފަހުން އެނގުނުގޮތުގައި އިސްތަފާ، މިފަދަމީހުން އަޅުގަނޑުމެންނާ އެއްކޮށް ބައިތިއްބީ އެމީހުންލައްވާ، އަޅުގަނޑު މެންގެ ހަރަކާތްތައް ބަލާއި ޖާސޫސު ކުރުވުމަށެވެ. މިކަން އެނގުނީ މިކުދިވެރިން މިވާހަކަތައް ފަހުން ބުނެދިނީމައެވެ. ފާޒިރާއި ޅަރީތި ލައްވާ މިކަންކުރުވާ ކަމަށް ފަހުން އެވެރިންގެ އަނގައިން ބުނެދިނެވެ. އެހެނަސް ދުވަސްކޮޅަކަށް ފަހުން މިއެންމެން ވެގެންދިޔައީ އަޅުގަނޑުމެންގެ ދަރިވަރުންނަށެވެ. އަޅުގަނޑުމެން ބުނާގޮތެއްނޫނީ ނުހަދައެވެ. ސައްޕެއާއި އަޅުގަނޑަކީ، އެވެރިންގެ އުސްތާޒުންނެވެ. އެވެރިންނަށް ކިޔަވައިދީހަދަނީ އަޅުގަނޑު މެންނެވެ.

އަރަބިބަސް ކިޔަވަންފެށި ކުދިންވެސް ތިއްބެވެ. އަދި މިކުދިންނަށް ކަސްރަތުކޮށްދީ ހަދަނީ ވެސް އަޅުގަނޑެވެ. ކޮންމެދުވަހަކު ހެދުނާއި ހަވީރު ކަސްރަތުކުރުން ބާއްވަމެވެ. އަދި ކޮންމެދުވަހަކު ކާގޭގައި ކްލާސް ހަދައިގެން ކިޔަވައިދީ ހަދަމެވެ. މިމީހުންތައް އިސާހިތަކު ވަރަށް އެކުލަވާލާއި އެކަތިގަނޑަކަށް ވެއްޖެއެވެ. އެއްއާއިލާއަކަށް ބަދަލުވެއްޖެއެވެ. އަޅުގަނޑުމެން ބޮޑުންގެގޮތުގައި ތިބިމީހުންގެ ބަސްގަބޫލުކޮށް ރަނގަޅު އުޅުމެއް އުޅެން ފަށައިފިއެވެ.

އަންނިއާއި ހެރިންސް ހަންނާނު މިބަޔަށް ގެނައިފަހުން، އެބޭފުޅުންވެސް ބައެއް ކްލާސްތަކުގައި ކިޔަވައިދޭން ފެށީއެވެ. މިތާތިބޭ އެންމެންނަކީ ވެސް ކިޔަވައި އަދި ކިޔަވައިދޭ މީހުންނަށް ވެއްޖެއެވެ. ކެއުންވެސް އެދުނުގޮތުގެ މަތިން ވަރަށް ރަނގަޅުކޮށް ދީފިއެވެ. މިވަގުތު ގާމާދޫ ޖަލުގެ މިބައިގައި ތިބިމީހުންނަކީ، 1- އަޅުގަނޑު (ޖަވާހިރުވާދީ އިލްޔާސް) 2- މުހަންމަދު ޝަފީގު (ސައްޕެ) 3- ހީރޯ (އަލިފާނާގުޅޭ) 4- އަބްދުﷲ ދީދީ (ކުޑަކުއްޖަކާ ބެހިގެން) 5- އޭދަފުށީ އަލީގެ ނާސިރު (މާލެތެރޭގައި އަލިފާންރޯކުރި) 6- ވިސާމް (މާލެތެރޭގައި އަލިފާންރޯކުރި) 7- ކާދޫއިބުރޭ (އަލިފާނާގުޅޭ) 8- ޅަރީތި އަހްމަދު ރަޝީދު (ވައްކަންކޮށްގެން) 9- ތަންބި ނަސީމުގެ ފާޒިރު (ވައްކަންކޮށްގެން) 10- ލ.މާވަށު ހުސައިން އަބޫބަކުރު ބެއްޔާ (ދޮންދަރިއަކާ ބެހިފައިވާ) 11- އަބްދުލްޣައްފާރު (ދޮންދަރިއަކާ ބެހިފައިވާ) މިއެގާރަ މީހުންނެވެ.

4 ޖެނުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 377 ވަނަ ދުވަހެވެ. އިއްޔެލިޔުނު ސިޓީއެއް ގެއަށް ފޮނުވުމަށް ޕްރިސަންސްގެ ގާޑާހަވާލު ކުރީމެވެ. އަބްދުލްޣައްފާރު އަރަބިބަހުގެ އިތުރު ކްލާސްތައް ނަގައެވެ. އޭނާ އަރަބި ބަސް ދަސްކުރާހިތުން އުޅެއެވެ.

5 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 378 ވަނަ ދުވަހެވެ. ވަރަށް މަޖަލުގައި އެންމެންވެސް ދުވަސްތައް ހޭދަކުރަމުން ދަނީ ހިތްހަމަ ޖެހިގެންނެވެ. އުނދަގުވާ ކަމެއްނެތެވެ. ރޭގަނޑު ވަރަށް ދަންވަންދެން ސިޔާސީ ވާހަކަތައް ދައްކަން ސައްޕެއާއެކު އަޅުގަނޑުމެން ތިބެމެވެ. ފާޒިރަކީ ވަރަށްމަޖާ ގޮލައެކެވެ. އަޅުގަނޑާ ވަރަށް ރައްޓެއްސެވެ. މަޖާ ކުރާ ގޮލައެކެވެ.

6 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 379 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.

7 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 380 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރެދޭތޯ އެވާހަކަ ޕްރިސަންސްގެ ފަރާތުން ގާމާދޫގައި އިސްކޮށް ހުންނަމީހާއާ ވާހަކަ ދެއްކުމުން ވިދާޅުވީ އެކަންތައް މާލޭގައި ހުންނަ ހެޑްއޮފީހަށް، ޕްރިސަންސަށް ހުށަހަޅައި ދޭނެކަމަށެވެ.

8 ޖެނުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 381 ވަނަ ދުވަހެވެ. މިއަދަކީ ބޮޑުދުވަހެކެވެ. ކުއްލިއަކަށް ހަވީރުވަގުތުގައި ފެނުނީ، އަޅުގަނޑުމެން ތިބޭބައިގެ ދޮރުހުޅުވާލާފައި އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާއި އޮނަރަބްލް އުމަރުޒާހިރާއި އަލްފާޟިލް އިސްތަފާ އިބްރާހީމް މަނިކާއި ޕްރިސަންސުން ވަޑައިގެންނެވި ގަސް އިބްރާހީމް މަނިކާއި ސިފައިންގެ ފަރާތުން ގާމާދޫޖަލު ބަލަހައްޓަން ހުންނަވާ ސަރުދާރު ފަލްކަން އައިސް ވެންނެވިތަނެވެ. ފަލްކަންއަކީ އޭރުކޯޕަރަލެކެވެ. މިބޭފުޅުން އަޅުގަނޑުމެންނާ ވަރަށްވާހަކަ ދައްކަވާ ހެއްދެވިއެވެ. ޚާއްސަކޮށް އަބްދުﷲ ކަމާލުއްދީން އަޅުގަނޑާ ހިތްހެޔޮކަމާ އެކު ވާހަކަދައްކަވާ ހެއްދެވިއެވެ.

އުމަރުޒާހިރުވެސް އަޅުގަނޑުގެ ހާލުއަހުވާލު އައްސަވާ ލެއްވިއެވެ. އަދި އެއްވެސް ކަހަލަ ދަތިކަމެއްވާނަމަ، ޕްރިސަންސްގައި ސިޓީއަކުން ދަންނަވާލުމުން ހަމަޖެހޭނެ ވާހަކަ ވިދާޅުވިއެވެ. ފަހުންއެނގުނު ގޮތުގައި މިބޭފުޅުން ޖަލުބައްލަވާލައްވަން މިވަޑައިގެންނެވީ، އެމްނެސްޓީ އިންޓަނޭޝަނަލްފަދަ ބޭރުގެ ޖަމްޢިއްޔާތަކުން އަޅުގަނޑުމެންނާ ގުޅޭގޮތުން ޝަކުވާތައް ކުރަމުން ގެންދާތީ އެކަމާ ޖަވާބުދާރީ ވުމަށްޓަކާ ކުރެއްވި ޒިޔާރަތެއްގައި ކަމަށެވެ. ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ޕްރެޝަރ ކުރަމުން ގެންދާކަމުގެ ޚަބަރު އަޅުގަނޑުމެންނަށް ފަހުންލިބުނެވެ. އަދި އެމީހުން ނެރެމުން ގެންދިޔަރިޕޯޓްތައް ވެސް ފެނުނެވެ. އެންމެފުރިހަމަ ރިޕޯޓެއް ތައްޔާރުކޮށް ފައިވަނީ، ލަންޑަންގައި ހެޑްއޮފީސް ހުންނަ، އެމްނެސްޓީ އިންޓަރނޭޝަނަލުންނެވެ.

9 ޖެނުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 382 ވަނަ ދުވަހެވެ. މިއަދު މިބަޔަށް އިތުރު، 4 މީހުންގެނެސް ވެއްދިއެވެ. މިމީހުންނަކީ، ވިންޓަރ ޝަރީފާއި އަބްދުއްރައްޒާގާއި މާފަންނު އަސުރުމާގޭ އާދިލާއި މުފީދު (މުފީއްޓޭ) އެވެ. މިއަދުން ފެށިގެން މިބައިގައި، 15 މީހުންހަމަވީއެވެ. މުފީއްޓޭއަކީ ގާމާދޫޖަލުގައި ވަރަށް ސިޔާސަކޮށް އުޅެމުންގެންދާ ޖަލުތެރޭގައި ވަރަށް މަޝްހޫރު މީހެކެވެ.

މީނާއަކީ ކުޑައިރުންފެށިގެން ޖަލުގައި ގެންގުޅޭ މީހެކެވެ. މީނަވެސް މިބަޔަށް ގެނެސްވެއްދީއެވެ. މީނާއަކީ، ޖަލުގެބަންދުގައި ވަރަށް ގިނަދުވަސްވެފައިވާ މީހެކެވެ. އިސްލާހިއްޔާއިން ފެށިގެން، އޭނާ އަބަދުވެސް އުޅެމުން ގެންދަނީ ޖަލުގައެވެ. މާލެގެންދާއިރަށް ދުވެފިލަނީއެވެ. ދެން މާލެތެރޭގައި ވައްކަންކޮށް ލޫޓުވާހަދައިގެން އަނެއްކާވެސް ޖަލަށް ގެންނަނީއެވެ. މަތިމައްޗަށް ހުކުމްތައް އިއްވިފައިވާ މީހެކެވެ.

މިގޮތަށް ޖަލުގެ ހުކުމްތަކެއް ތަކުރާރުކުރަމުން ގެންދާ، އަދި ޖަލަށް ބަލަދުއަރާފައިވާ މީހެކެވެ. މީނާ ޖަލުގައި މަޝްހޫރު ވެފައިވަނީ މަޝްހޫރު މުފިއްޓޭގެ ނަމުންނެވެ. ރެންޗޭއަކާއި ކިރުބޯއަކާއި އަތްބަޅޭއަކާއި ކިޔަވާ އަކީ ޖަލުތެރޭގައި މިގޮތަށް މަޝްހޫރު މީހުންނެވެ. މި މުފިއްޓޭއަށް ތަޅުދަނޑިއައި ނުލާ ހުޅުވަންނޭނގޭ ބިޑިއެއްނެތެވެ. ރޭގަނޑު ނުވަންނަގޮޅިއެއް ޖަލަކު ނުހުރެއެވެ. ފާރުމަތިން އަރައިގެން މުޅިޖަލު ތެރޭގައި އުޅެފައި ފަތިހަށް އެނބުރިއައިސް ހުންނާނީ ކޮޓަރީގައެވެ.

ބުރައުންޝުގާ ދަސްވުން:

މުފިއްޓޭއަކީ ޖާސޫސުކޮށް ވާހަކައުފުލުމަށް ވަރަށްމޮޅު ގޮލައެކެވެ. ޖަލުގެ ޚަބަރުތައް އެއްބަޔަކު އަނެއްބަޔަކަށް އުފުލައިދީ ހަދައެވެ. ކަރޯއައްބާސް މެންގެ މެސެޖްތައް ޑީބީ ޝާހިދުމެން، ލުތުފީމެންގެ ވާހަކަތައް ބަރާބަރަށް އަޅުގަނޑަށް ގެނެސްދީ ހަދައެވެ. މީނާގެ ވާހަކަތައް ހުންނަގޮތުން އެއްބައިފަހަރު އިސްތަފާމެންނާ ވެސް ގާތްގުޅުމެއް އޮންނަމީހެއްހެން ހީވެއެވެ. މުފިއްޓޭ އަކީ، ޖަލުގައި ބްރައުންޝުގަރ އާންމުކޮށް ގެންގުޅޭ މީހެކެވެ. ޖަލުގައި އެވިޔަފާރި ހިންގައިދޭ އިސްމީހެކެވެ.

މީނާއަކީ، އަޅުގަނޑާ ވަރަށްގާތް ގުޅުމެއް ގެންގުޅޭ އަދި އަޅުގަނޑުގެ ބަސްއަހާއި ގަބޫލުކުރާ ގޮލައެކެވެ. ބުނާކޮންމެ ކަމަކަސް ހުޝިޔާރަށް ހުންނަ ގޮލައެކެވެ. ބްރައުންޝުގަރ އަކީކޯޗެއްކަން އަޅުގަނޑަށް ދަސްކޮށްދިނީ މީނާއެވެ. ބޯންހަދާނެގޮތާއި ރަނގަޅު އެއްޗެހިތޯ ޗެކްކުރާނެގޮތާއި ބޮއިގެންވާގޮތް އަޅުގަނޑަށް ކިޔައިދީ، އަދި އަމަލުން އަޅުގަނޑަށް ދައްކައިދީ ހަދައެވެ. އޭނާބޮނީވެސް އަޅުގަނޑުގެ ކުރިމަތީގައި އިނދެގެންނެވެ.

އަދި މަސްތީހާލަތުގައި ހުރެގެން ފާރުމަތިން އަރައިގެންގޮސް އެނބުރި އަންނަނީ އިރުއަރަން ކާރިވީމައެވެ. ގިނަރޭރޭމީނާ އަންނަންދެން އަޅުގަނޑު ހޭލާއިންނަމެވެ. ޚަބަރިތައް ހޯދުމަށެވެ. މީނާގެ ސިފަބަދަލުކުރާ ގޮތާއި އެކަމަށް ގެންގުޅޭ ސާމާނުވެސް އަޅުގަނޑަށް ދައްކާހަދައެވެ. މޫނުއެހެން ސިފައަކަށް ފަލަކޮށްލާ ހަދަނީ ކަފައާއި ކޮޓަންފޮތި ކޮޅުތަކެއް އަނގަތެރޭގެ އެކިދިމާތަކަށް ލައްވައިގެންނެވެ. މިހުރިހާ ސާމާނެއް އޭނާއަތުގައި ތައްޔާރުކޮށްފައި ހުރެއެވެ.

ޑުރަގްބޮއިގެން އުޅޭގޮތާއި ކުރާކަންތަކުގެ ވާހަކަތައް މީނާ، އަޅުގަނޑަށް ކިޔައިދީ އަބަދުވެސް ހަދާނެއެވެ. އެއީ އަޑުއަހާހިތްވާ ވާހަކަތަކެކެވެ. ވަރަށް މަޖާ ކަންތަކާއި ނުލަފާކަންތައް ވެސް ކޮށްފައި ހުރެއެވެ. މިއީ ބައެއްފަހަރު ވަރަށް މަޖާވެސް ގޮލައެކެވެ. މީނާމިގޮތަށް ސިފަބަލުކޮށްގެން މާފަންނު ޕާމްކޯޓަށް ވަދެއުޅެނިކޮށް ކޮލިއަލިމަނިކުގެ ދަރިފުޅު އައިންތުއަލީއާ ރޭގަނޑެއްގައި ދިމާވިވާހަކަ އަޅުގަނޑަށް ކިޔައިދީފައި ވެއެވެ.

އަބްދުއްރައްޒާގާއި ވިންޓަރަކީ ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ ހާދިސާއާއި އެންދެރިމާގޭ އިލްޔާސް، އަދި ސަޓޯގެ މަޝްހޫރު ކެސެޓްރޯލް ހާދިސާގެ މީހުންނެވެ. އަސުރުމާގެ އާދިލަކީ، މާލެތެރޭގައި އަލިފާންރޯކުރި ގްރޫޕްގެ ތެރޭގައި ވަރަށް މުހިންމު އިސްރޯލެއް އަދާކުރި މީހެކެވެ. މީނާގެޅިޔަނަކީ ކަރިޝްމާ އައްބާހެވެ. މިއައްބާސް ވެސް މިކަމުގައި އާދިލާގުޅިގެން ކޮންމެވެސްވަރެއްގެ ރޯލެއް އަދާކޮށްފައި ވާކަމަށް ވެއެވެ.

އާދިލަކީ މާލެތެރޭގައި އަލިފާންރޯކުރި އޭދަފުށީ ނާސިރަށާއި މ.މާކޮޅު ވިސާމަށް ހިތްވަރުދީ ހަދަންވާގޮތްތައް ކިޔައިދީހަދާ އިސްމީހެކެވެ. އެދެކުދިންގެ އެދުރުމީހާއެވެ. މިކަންކުރަން ނުކުންނައިރު ކާންވީބޭސް ބުނެދީ، އެބޭސްތައް ހޯދައިދީ ހަދާ މީހާއެވެ. ކަރިޝްމާ އައްބާހަކީ، އާދިލަށް އެޑްވައިޒްދީ ކުރަންވާކަންތަކުގެ މަޝްވަރާ ދީހަދާ މީހާއެވެ. ނުވަތަ އާދިލުހިތްވަރު ލިބިގަންނަ މީހާއަށްވެއެވެ. މިއައްބާހާއި އެންދެރިމާގޭ އައްބާހާގުޅުމެއް އޮންނަކަމަށް ވެއެވެ. އާދިލުގެ އާއިލާއަކީ އެންދެރިމާގެއާ ވަރަށް ގުޅުންބޮޑު އާއިލާއެކެވެ.

މާލެތެރޭގައި އަލިފާނުގެ ހާދިސާތައް ފެށިފައިވަނީ މިކަހަލަގޮތަކަށެވެ. މިކަހަލަގުޅުން ތަކެއްގެ ތެރެއިންނެވެ. މުގޫ ގޮސް ގުޅިފައި އޮންނަނީ އެންދެރިމާގޭ އައްބާސް އަބުރާހީމަށެވެ. މިއީ އެޕާޓީން ހިންގަމުން ގެންދިޔަ ސިޔާސީ ހުޅުޖެހުމެކެވެ. މަގުސަދަކީ،  ސިޔާސީ ބޭނުމެވެ. އަދި މާލެތެރެ ފަސާދަކުރަން ނެރުނު ބިންބިފޯސް އައި މިގްރޫޕާއި ޚާއްސަ ގުޅުންތަކެއް އޮންނަކަމަށް ވެއެވެ. އެގުޅުން ދަމަހައްޓަނީ އަސުރުމާގެ ކަރިޝްމާ އައްބާހާއި އާދިލާ މެދުވެރިވެއެވެ.

ޖަލުގައި ތިބެގެން އަޅުގަނޑު މެންނާއި މާލެތެރޭގައި އަލިފާންރޯކުރި ކުދިންނާ ދެމެދު ދެކެވުނު ވާހަކަތަކުން މިއީ ހޯދިފައިހުރި ހަގީގަތެވެ. ތެދު އެކުލެވޭ ކަމެކެވެ. އެދުވަސް ވަރުގެ ބޮޑުއަލިފާނުގެ ހަގޫގަތަކީ މިއީ އެވެ! މިވާހަކަތައް ނާސިރާއި ވިސާމާއި އަޒީއާއި އާދިލުމެން ޖަލުގައި ތިބެގެން އަޅުގަނޑަށާއި ސައްޕެއާއި އަންނިއަށް ވަރަށް ތަފްސީލުކޮށް އެކިފަހަރު މަތިން ކިޔައިދީހަދާފައި ވެއެވެ.

އަދި މާލެތެރޭގައި މިމީހުންހިންގި އަލިފާނުގެ ހާދިސާތަކާއި ޑޮކްޓަރ ވަހީދާގުޅުވުމަށް ބިންބިފޯހުން ކުރިމަސައްކަތްތައް ވެސް މިމީހުންވަނީ، އަޅުގަނޑު މެންނަށް ވަރަށް ސާފުކޮށް ތަފްސީލާ އެކު ކިޔައިދީފައެވެ. މަދްރަސަތުލް ޝަހީދު ހިންގަން އެތަނުގައި އިސްކޮށް އުޅުއްވި، ވާދޫޑީޑީ ކެމެރާއަކާ ގުޅުވައިގެން އުފެއްދާއި އީޖާދުކުރި މައްސަލައެއްގެ ތުހުމަތުގައި އާދަންޒާހިރު އޭނާ ޖަލަށް ގެނެސް ނާސިރުމެންނާ ބައްދަލުކުރުވާއި އޭނާލައްވާ އެކުދިންނާ ދެއްކި ވާހަކަތަކާއި ރޭވިރޭވުންތައް ވިސާމާއި ނާސިރު އަޅުގަނޑުމެންނަށް ޖަލުގައި ކިޔައިދިނެވެ.

އަޅުގަނޑު ގެންދިޔައީ ދުވަހުން ދުވަހަށް ހުރިހާ ވާހަކަތަކެއް ނޯޓުކުރަމުން ނެވެ. ޑީޑީގެ ވަސްވާސްތައް ނާސިރަށް ލައިދީފައި ވަނީ މާލެތެރޭގައި އަލިފާންޖެހީ ޑޮކްޓަރ ވަހީދު ވިދާޅުވެގެން ހިންގިކަމަކަށް ހަދާލުމަށެވެ. މިއީ ސިޔާސީގޮތުން މީގެކުރިންވެސް ރާއްޖޭގެ ގަދީމީ ތާރީޚުގައި ވެސް މިފަދަކަންތައް ސިޔާސީބޮޑުން އަޑީގައި ތިބެގެން މާލެތެރޭގައި ހިންގާފައިވާ ގޮތެވެ.

ސިޔާސީ މަގްސަދުތަކެއް ހާސިލުކޮށްލަން ވީމާ، މާލެތެރޭގައި އަލިފާންޖަހާ ފަސާދަކޮށްލަނީއެވެ. މާލޭތެރޭގައި އަލިފާންޖެހުމުގެ މިހާދިސާ ވެސް ހިންގާފައި ވަނީ ހަމަ އެފަދައިންނެވެ. މާލެތެރެފަސާދަ ކޮށްލުމުގެ ބޭނުމުގައެވެ. ވަރުގަދަ ސިޔާސީ މަގްސަދުތަކެއް ހާސިލުކުރުމަށެވެ. ކުރީގެ ބޮޑުހުޅައި އެއްވެސް ތަފާތެއް ނެތެވެ. އަލްމަރުހޫމް އަބްދުލްހަކީމް ހުސައިންމަނިކު ލިޔުއްވާފައިވާ، “ރާއްޖޭގެ ބޮޑުހުޅުކޮޅު” މިފޮތް ކިޔާލުމުން މިކަންތައް ދިރާސާކޮށްލަން ވަރަށް ފަސޭހަވާނެއެވެ.

އެދުވަސްވަރުގެ ހުޅުޖެހުމާއި މާލެތެރޭގައި ހިންގުނު މިދުވަސްވަރުގެ ހުޅުޖެހުމާ ގުޅުވާލާއި ދިރާސާ ހަދާލުމުން ނަތީޖާނުކުންނާނީ ވަރަށް އެއްގޮތަށެވެ. ސިޔާސީގޮތުން ބަޔަކުހަލާކު ކޮށްލައި ނައްތާލުމަށް ވެރިކަމާ ގުޅޭފަރާތުން ރާވައިގެން ހިންގާ ބޮޑުފަސާދައެއް ކަމުގައި ފާހަގަކޮށް ބެލެވިފައި އެބަހުރެއެވެ. މިއީ އަދިވެސް އިތުރަށް ދިރާސާ ކުރެވިދާނެ ސިޔާސީ ހަގީގަތްތަކެއް އެކުލެވޭ މައުޟޫއެކެވެ.

މިދިރާސާހަދާއި މިވާހަކަތައް ލިޔާނެ ޒުވާންދިވެހި ދަރިން އެބައުފެދެން ޖެހެއެވެ. ތާރީޚަށް ލޯބިކުރާ ކިޔަވާކުދިން މިފަދަ ދިރާސާތައް ކުރަންޖެހޭނެއެވެ. އެންދެރިމާގޭ ސިޔާސީ ކޭންޕުން މާލެތެރެއަށް ނެރުނު، ބިންބިފޯހުގެ ހަގީގަތްތައް އިތުރަށް ހޯދާއި ލިޔަން ޖެހޭނެއެވެ. އެދުވަސްވަރު މާލެތެރެ ފަސާދަކުރީ ކޮންފަދަ ސިޔާސީ ބޭނުންތަކެއް ހާސިލުކުރަންތޯ ބެލެވެން ޖެހޭނެއެވެ.

އަހުރެމެން ގާމާދޫގައި ބައިތިއްބުމަށް ހެދި އާ އިމާރަތް:

އާދެ! އަޅުގަނޑުމެން ގާމާދޫޖަލުގައި ބައިތިއްބާފައި ތިބޭބައިގައި ހުންނަނީ، 7 ކޮޓަރިއެވެ. ކޮޓަރިތަކަށް ނަންބަރުދީފައި ހުންނަނީ މިގޮތަށެވެ. 6، 7، 8، 9، 10، 11، އަދި 12 އެވެ. 6 ކުން، 8 ކަށް ދެއެނދުގެ ކޮޓަރިއެވެ. 9 ކުން، 12 އަށް،  ތިންއެނދުގެ ކޮޓަރިއެވެ. މިހާރު ގައިދީން ނުވައްދާހުރީ ހަމައެކަނި، 12 ނަންބަރު ކޮޓަރި އެކަންޏެވެ. މިއަދު މިކޮޓަރިއަށް ވެސް، 3 އެނދުވައްދާއި ގޮދަޑިއަޅާއި ތަންމަތިއަޅާއި ތައްޔާރު ކުރިއެވެ. މިކޮޓަރިއަށް ވެސް ވަރަށް އަވަހަށް މީހުންވައްދާނެ ކަމުގެމަންޒަރު މިއަދު ފެނިގެންދިޔައެވެ. މިތިންމީހުން ގެނައުމުން، 18 މީހުން މިތަނުގައި ހަމަވާނެއެވެ. އެއީޖުމްލަ، 18 މީހުންގެ ޖާގައެވެ. އޭރުން މިބައިމުޅިން ފުލްވާނެއެވެ.

10 ޖެނުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 383 ވަނަ ދުވަހެވެ. ރޭދިޔައީ ވަރަށް މަޖާކޮށެވެ. އަލަށް ގެނައި މުފިއްޓޭ މެންނާ ވަރަށްގިނަ ވާހަކަދެކެވުނެވެ. މިއަދު، 12 ނަންބަރު ކޮޓަރިއަށް ވެއްދި، 3 އެނދާއި ކޮޓަރި ރަނގަޅުތޯ ބަލައިލަން އޮފީހުން ބަޔަކު އައިސް އުޅުނެވެ. ހީވަނީ އިތުރު ތިންމީހަކު ހުސް ތިންޖާގަޔަށް ގެންނަނީ ހެންނެވެ. މިއަދަކު މާބޮޑުކަމެއް އިތުރަށް ހިނގާފައެއް ނެތެވެ.

11 ޖެނުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 384 ވަނަ ދުވަހެވެ. އެއްވެސް އާކަމެއް ނެތެވެ. މުފިއްޓޭގެ މޮޅުވާހަކަތައް އަހަން ވަރަށް ދަންވަންދެން ތިބީމެވެ. ދަތްއުނގުޅާ ބުރުހުން ތަޅުދަނޑި ހަދައިގެން އެކިވަށްތަރުގެ ބިޑިހުޅުވާ ވާހަކަތައް ކިޔައިދެއެވެ. ޖަލުގެ މާސިންގާދިގު މާޒީއެއްއޮންނަ މީހެކެވެ.

12 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 385 ވަނަ ދުވަހެވެ. މިއަދުހަވީރު، 3 މީހުންގެނެސް ހުސްކޮށްހުރި، 12 ނަންބަރު ކޮޓަރިއަށް ވެއްދިއެވެ. މިމީހުންނަކީ، ނޯޝާދުވަހީދާއި މުއާޒު (ކެޕްޓަން) އަދި ރަޣީބު ތ.ގާދިއްފުށި މިތިންމީހުންނެވެ. މިބަޔަށް ޖުމްލަ، 18 މީހުންހަމަވީއެވެ. މިތަން، 18 ގައިދީންގެ މަރުކަޒަކަށް ވީއެވެ. ނޯބެ މިގެނައީ ހުކުމް ކޮށްނިމިގެން ޖަލުގެ ހުކުމަކަށް ވާތީ އެހުކުމް، ތަންފީޒުކުރުމަށެވެ. މީނާހުރީ ގޭގައެވެ. ރަޣީބާއި ކެޕްޓަން ގެނައީ ކޮންދިމާއަކުންކަން އަދި ސާފުކޮށެއް ނޭނގެއެވެ. އަދި ކިޔައިދޭ ޚިޔާލެއް ނުކުރެއެވެ. މިއަދު ޕްރިސަންސަށް ސިޓީއެއްލީމެވެ. ބޭނުންވާ ބައެއްތަކެއްޗަށް އެދިއެވެ.

13 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 386 ވަނަ ދުވަހެވެ. އިއްޔެ ލިޔުނު ސިޓީ ޕްރިސަންސަށް ފޮނުވައި ދިނުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ.

19 ޖެނުއަރި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 392 ވަނަ ދުވަހެވެ. މިދިޔަ، 5 ދުވަހު އާކަމެއް ނެތެވެ. މިއަދު ގެއަށް ސިޓީއެއްލިޔެ ފޮނުވީމެވެ. ރޭގަނޑު ގިނައިރުތަކެއް ވަންދެންމަޖާ ވާހަކަދެއްކުމުގައި ހޭދަކުރަމެވެ.

21 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 394 ވަނަ ދުވަހެވެ. މިދިޔަ، ހޯމަ ދުވަހު އާކަމެއް ނުހިނގައެވެ. މުޅިންވެސް އޮންނަނީ އަލަށް ގެނެވުނު މީހުންނާއެކު އަނގަތަޅަން ތިބުމެވެ. ނިދަނީ ވަރަށް ދަންވުމުންނެވެ. ކެޕްޓަނާއި ނޯބެ ކިޔަވައި ދިނުމުގައި އަނެއްދުވަހު ބައިވެރިވެއްޖެއެވެ. އަދި ކަސްރަތުކޮށް ދިނުމުގައި ނޯބެބައިވެރިވެއެވެ. ކިތަންމެ ވަރަކަށް ދަންވުމުން ނިދިޔަސް އަޅުގަނޑު ފަތިސްނަމާދަށް ހޭލަމެވެ.

ޕްރިސަންސަށް ފޮނުވިސިޓީގެ ޖަވާބު މިއަދުލިބުނެވެ. އެދުނު ހުރިހާކަމެއް ހަމަޖައްސައި ދެއްވާފައި ވެއެވެ. މޫދަށް ނެރެން ހުއްދަ ދެއްވިއެވެ. ކެއުން އިތުރަށް ރަނގަޅުކޮށް ދޭނެވާހަކަ އޮތެވެ. ކާގޭގައި ސިންކެއް ލައިދޭނެ ވާހަކައޮތެވެ. ނަމާދަށް މިސްކިތަށް ދެވޭގޮތަށް ބޭރަށް ނެރެދެވޭނެ ވާހަކައޮތެވެ. ގިނަކަންތައްތައް ދަނީލުއި ވަމުންނެވެ. އެދޭއިރަށް، އެކަމެއް ހަމަޖެހޭނެ ވާހަކަވިދާޅުވެއެވެ.

26 ޖެނުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 399 ވަނަ ދުވަހެވެ. މިދިޔަ، 4 ދުވަހު އާކަމެއްނެތެވެ. އާދައިގެމަތިން ހުރިހާކަމެއްވެސް ހިނގަމުންދާލެއް ބަރާބަރެވެ. ގެއަށް އަޅުގަނޑު ލިޔުނުސިޓީ ޖަވާހިރުވާދީއަށް ރައްދުކޮށްނުދީ ޕްރިސަންސްގައި ހިފޭއްޓިފައި ބޭއްވުނުކަމަށް ޖަވާބު ދެއްވިސިޓީގައި ލިޔެފައިއޮތެވެ.

މިއީ ފުރަތަމަ ފަހަރަށް އަޅުގަނޑު ގެއަށްފޮނުވި ސިޓީއެއް ހިފޭއްޓުނުކަން އެންގިފަހަރެވެ. މިސިޓީގައި ޖަލުގެ ވާހަކަތައް މާގިނައިން ލިޔެވިފައި ހުރީކަމަށް ވެދާނެއެވެ. ބައެއްވާހަކަތައް އިސްތަފާއަށް އެންގުމަށްޓަކާ އަޅުގަނޑު ގަސްދުގައި ލިޔެހަދަމެވެ. މިސިޓީގައި އެފަދަ ވާހަކަތައް ގިނަވީކަމުގައި ވެދާނެއެވެ.

27 ޖެނުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 400 ވަނަ ދުވަހެވެ. މިއަދުހެނދުނު އޮފީހުން މީހަކުއައިސް މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށް އަޅުގަނޑަށް އެންގިއެވެ. މެންދުރުކުރިން މާލެގެންގޮސް ވެއްދީކޯޓު ނަންބަރު: 6 އަށެވެ. މިއީ މައްކޮ މުހަންމަދު ޚަލީލުގެ ޝަރީޢަތުގައި އޭނާގެމައްޗަށް އިއްވަން ބޭނުންވާ ހުކުމަށް ހެކިބަސްއެހުމަށް ގެންދިޔަ ގެންދިއުމެކެވެ. ކޯޓުގެ ރަސްމީބައި ނިމުމުން ޕްރިސަންސްގެ ބަހުގައި އަޅުގަނޑާއި މައްކޮއާދެމީހުން ގެންދިޔައީ އެކުގައެވެ. މައްކޮގެ ގެކަމުގައިވާ، ގ.އުތުރުގެއަށް މައްކޮބާލާފައި އަޅުގަނޑު ގެނައީ ޕްރިސަންސަށެވެ.

މެންދުރުގެ ވަގުތެއްގައި ޕްރިސަންސް އެތެރެއަށް ވައްދާފައި ޕްރިސަންސްގައި އޮންނަ ހުކުމް ތަންފީޒުކުރުން ނޯޓުކުރާ ބޮޑުފޮތުގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. މިއީ ހުރިހާހުކުމެއް ލިޔެތަންފީޒުކުރަން ފެށުނުކަން އަންގާސޮއި ކުރުވާ ރަސްމީފޮތެވެ. މިފޮތުގައި އެންމެން ލައްވާވެސް ސޮއިކުރުވާފައި ހުއްޓެވެ. އަޅުގަނޑުލައްވާ ސޮއިކުރުވީ ހަމައެކަނި ސަލްޓަންޕާކް ކަޓޫރަބޮމުގެ މައްސަލައިގެ ހުކުމް ތަންފީޒު ވަމުންދާ ބައިގާ އެކަންޏެވެ.

މިހުކުމުގެ މުއްދަތު ހަމަވާކަމަށް މިފޮތުގައި ލިޔެފައިއޮތީ ޖެނުއަރީ، 12، 1994 ކަމަށެވެ. މުއްދަތު ގުނަންފެށުނު ދުވަހެއް ކަމަށްއޮތީ ޖެނުއަރީ، 12، 1991 އިންފެށިގެން ކަމަށެވެ. ދެން މީގެއިތުރުން އަޅުގަނޑަށް އިއްވާފައިވާ ތިންހުކުމްގެ ވާހަކަވެސް އެފޮތުގައި ލިޔެފައި އޮތެވެ. އެހެނަސް ސޮއިކުރުވީ މިހާރު ތަންފީޒު ވަމުންދާ ސަލްޓަންޕާކް ކަޓޫރަބޮމުގެ ކަންތަކުގެ ހުކުމުގެ ބައިގާ އެކަންޏެވެ. ހަދާންވާ ގޮތުގައި އަޅުގަނޑު ލައްވާ ބަޔާނުގައި ސޮއިކުރުވީ ޖެނުއަރީ، 10، 1991 ވީބުރާސްފަތި ދުވަހުއެވެ. އެއީ މިބުރުގައި ޖަލުގައި ބަންދުވެފައި ހުންނަތާ، 19 ވަނަ ދުވަހެވެ. ތަހުގީގު މުޅިން ނިންމާލިދުވަހެވެ.

ފޮތުގައި މުއްދަތުފެށޭ ދުވަހަކަށް ލިޔެފައިވާ، 12 ވަނަ ދުވަހަކީ ހޮނިހިރު ދުވަހެވެ. މުއްދަތުހަމަވާ ދުވަހަކަށް ޖެނުއަރީ، 12، 1994 ކަމަށް ލިޔެފައި އެވަނީ ހުކުރުދުވަސް ނުލާކަމުގައި ވެދާނެއެވެ. ނުވަތަ އަޅުގަނޑުލައްވާ މޯރާތައުފީގު ސޮއިކުރުވިއިރު ތާރީޚުނުޖަހާ ބާއްވާފައި ފަހުން، 12 ވީހޮނިހިރު ދުވަހު އެބަޔާނުގައި އޭނާ އަމިއްލައަށް ތާރީޚު ޖެއްސެވީ ކަމަށް ވެސް ވެދާނެއެވެ. މިއުޅެނީ އެންމެ ދުވަހެއްގެ ތަފާތެކެވެ. މާބޮޑު މައްސަލައަކަށް ނުހަދަމެވެ. މިއަދަކީ އަނެއްކާވެސް ޖަލުގައި ސަތޭކަދުވަސް ހަމަވި ދުވަހެވެ. މިކަންފާހަގަކޮށް، ވިސްނާއި ފިކުރުކޮށް ލުމަށް، ވަގުތުކޮޅެއް ހުސްކޮށްލީމެވެ.

28 ޖެނުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 401 ވަނަ ދުވަހެވެ. މިއަދު ގެއަށް ސިޓީއެއް ލިޔެފައި ފޮނުވީމެވެ.

29 ޖެނުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 402 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރަދުވަހެކެވެ.

1 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 405 ވަނަ ދުވަހެވެ. މިދިޔަދެދުވަހު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. މަޖަލުގައި ހަމަތިބީއެވެ. މިއަދު ހަވީރުގެއިން ކެއުމުގެ ބައެއްސާމާނު ލިބުނެވެ. ތެލުލިރިހާކުރު ފުޅިއެއް މަންމަފޮނުވާފައި އޮތެވެ. ޖޫސްޕެކެޓު ވެސް ހުއްޓެވެ.

2 ފެބްރުއަރީ 1992 ވީއާދީއްތަ ދުވަސް ޖަލުގައި ހުންނަތާ، 406 ވަނަ ދުވަހެވެ. މިއަދުގެއަށް ނޯޓްސިތީއެއް ފޮނުވީމެވެ.

3 ފެބްރުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 407 ވަނަ ދުވަހެވެ. މޫދަށް އެރުމަށް ހުއްދަދެއްވިތާ ދުވަސްގަނޑެއް ވެފައިވުމުން އެކަންތައް މިހާރުއޮތްގޮތް އޮޅުން ފިލުވާލުމަށް އޮފީހުގައި އެދުމުން އެކަން މާލެއާ ގުޅައިގެން ބައްލަވާނެކަމަށް އޮފީހުން މިއަދު ބުންޏެވެ.

4 ފެބްރުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 408 ވަނަ ދުވަހެވެ. މިއަދަކީ ގާމާދޫޖަލަށް ބަދަލުވި ފަހުން ފުރަތަމަ ފަހަރަށް މޫދަށް ނެރުނު ފުރަތަމަ ދުވަހެވެ. މިކަންހިނގީ އަޅުގަނޑު ލިޔުނުސިޓީ އަކާގުޅިގެން ދެއްވި ހުއްދައެއްގެ ދަށުންނެވެ. އެންގެވީ ކޮންމެދުވަހަކު ބައިގަޑިއަރަށް މޫދަށް ނެރެވޭނެ ކަމަށެވެ. ނެރެންޖެހޭ، 9 މީހުން ހަމަވުމުން ފަހުން ހަމަޖެއްސީ ދެދުވަހުން އެއްދުވަހު އެދޭހާ މީހަކުމޫދަށް ނެރޭގޮތަށެވެ. މިގޮތުގެ މަތިން މިކަންފެށި ހިނގައިގެންފިއެވެ. މިއަދުން ފެށިގެން އަނެއްކާވެސް މިހުޅުވުނީ، މުޅިންއާދޮރެކެވެ. އިތުރު މިނިވަންކަމެއް ލިބުނީއެވެ. މޫދަށްއެރެވޭގޮތް ހަމަޖެހުނީއެވެ.

5 ފެބްރުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 409 ވަނަ ދުވަހެވެ. އަޅުގަނޑު ލިޔުނު ސިޓީއާ ގުޅިގެން މިއަދު ފުރަތަމަ ފަހަރަށް މެންދުރު ކެއުމާއެކު ސެލަޑްލިބެން ފަށައިފިއެވެ. މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަލަ ސަޓަންޏެއް ކެއުމާއެކު ގެންނަން ފަށައިފިއެވެ. އަނެއްކާވެސް އިތުރު ކުރިއެރުމެއް ދެއްވީއެވެ. މަޑުމަޑުން ޖަލުގެގޮތްގަނޑު ކެޑެންފަށައިފިއެވެ. އަޅުގަނޑު މެންނަކީ މިނިވަނުން ކަމުގައި ހޭނެންފަށައިފިއެވެ. ކުށްވެރިންކަމުގެ އިހްސާސްތައް ކެނޑެން ފަށައިފިއެވެ. ޖަލުގައި ބަންދުވެފައި ތިބޭތިބުން، އިހްސާސް ކުރެވޭލެއް މާބޮޑުތަން ކުޑަވާން ފަށައިފިއެވެ. މަޑުމަޑުން އެފަދަ އިހްސާސްތައް ކުރެވޭލެއް މަދުވާން ފަށައިފިއެވެ.

6 ފެބްރުވަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 410 ވަނަ ދުވަހެވެ. މިއަދަކީ ބޮޑުސައްޕެގެ އީދުމީލާދީ ދުވަހަށްވާތީ މިރޭ، 8:30 ގައި އެންމެން ވެގެން އެކަންފާހަގަ ކުރުމަށް އުފާވެރިކަމުގެ ހަފްލާއެއް ބޭއްވުނެވެ. މިއީ އަޅުގަނޑު އިސްކޮށް ހުރެގެން ތައްޔާރުކޮށްލި އެއްބައިވަންތަ ކަމުގެޕާޓީއެކެވެ. އެންމެން ވެގެން ސައްޕެއަށް އުފާވެރި އުފަންދުވަހަކަށް ވިޝްކުރެވުނެވެ. ކާންބޭނުންކުރީ އެރޭކެއުމަށް ވެއްދިހުރިހާ ސާމާނެވެ. މީގެފަހުން ކޮންމެގައިދީއެއްގެ އުފަންދުވަސް ފާހަގަކުރުން ބާއްވައެވެ.

7 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 411 ވަނަ ދުވަހެވެ. ރޭއިރުއަރަންދެން ތިބީހޭލާއެވެ. އެކިކުޅިވަރު ކުޅުމާ އަނގަތެޅުމުގައި މުޅިރޭ ދުއްވާލީ ސައްޕެގެ އުފަން ދުވަހުގެ މުނާސަބަތުގައެވެ.

14 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 418 ވަނަ ދުވަހެވެ. މިދިޔަ، 6 ދުވަހު އާދަޔާޚިލާފު އެއްވެސް ކަމެއް ނުހިނގައެވެ. ގަވައިދުން މޫދަށް ނެރެއެވެ. މޫދުގައި އުޅޭއިރު ރާބުޅާ ހިފައިގެން ރޮލާކައި ހަދަމެވެ. ރޮލާމަސް ކާންކެރޭ މީހަކަށް ހުންނަނީ އަޅުގަނޑު އެކަންޏެވެ. އަދިބައެއްފަހަރު ކުދިމަސް ހިފައިގެން އަޅުގަނޑުމެން ތިބޭބަޔަށް ގެނެސްގެން ދަޅުދަޅުގައި ކައްކާހަދައިގެން ކާއްޓާއެކު ކައިހަދަމެވެ. ކާށިވެސް ހޮވައިގެން ގެނެސް އެތެރެއަށް ވައްދައި ބޮނބިދަރަށް ބޭނުންކުރަނީއެވެ. މިއީ ވަރަށް މަޖާކެއުމެކެވެ. ކާންކެރެނީ މަދުބަޔަކަށެވެ.

ބައެއް ދުވަސްދުވަހު މަސްނުހިފުނީމާ ވެންފަދަ މޫދުގައި ދިރިއުޅޭ އެހެނިހެން ތަކެތިހިފައިގެން ގެންނަނީއެވެ. ކޮންމެ ވައްތަރެއްގެ އެއްޗެއް ހިފަންލިބުނަސް ގެނެސް ކައްކާލަނީއެވެ. މިބާވަތުގެ ގިނަވަށްތަރުގެމަސް ކާންކެރެނީ އަޅުގަނޑަށެވެ. ވެންމަސް މަޑިމަސް ގާހަކަ ކަހަލަ އެއްޗެހި ގިނައިން ކާންޖެހެނީ އަޅުގަނޑަށެވެ. ބައެއްދުވަސް ދުވަހު ހިފަންލިބެނީ ހުސް ކަކުންޏަށްވާތީ، ހިފޭކަކުނިތައް ގެނެސް ފެނުކައްކާލައިގެން ކާލަނީއެވެ.

މިއަދު ހަވީރު، 5:00 ޖެހިއިރު ގާމާދޫޖަލުގައި ގޭމީހުންނާ ބައްދަލުކުރުން، ޖަލުގެ އުނދޯލިގޭތެރޭގައި އޮތެވެ. ގެއިން އައިސްތިބީ ދޮންދައްތަ، އިފްހާމް، އިދުހާމް، އިލްމާޢު ކޮއްކޮމެންނެވެ. މިބައްދަލުވުން ހިނގާދިޔަގޮތަކީ އެންމެން އެކުގައި ތިބެގެން ވާހަކަދައްކާލާއި މަޖާކޮށްލާހަދާ ގޮތަށެވެ. އަޅުގަނޑުމެން ކޮންމެމީހަކު ނެރެނީ ވަކިންނެވެ. އެއެންމެންނާ އެކުގައި ތިބެބައްދަލުވާ ގޮތަށެވެ. އަޅުގަނޑާ ބައްދަލުކޮށް ނިމުމުން ދެންނެރުނީ، އިބުރޭ ޖަވާހިރުވާދީއެވެ. މިދުވަސްވަރު އިބުރޭބަހައްޓާފައި ހުންނަނީ ގާމާދޫގައި ހުކުމް ތަންފީޒުކުރާ ގައިދީންނަށް ހަދާފައިހުންނަ ބޮޑެތިގޮޅިތަކުން ގޮޅިއެއްގައިކަން ފަހުން އެނގުނެވެ. ދޮންދައްތަމެން ގެއިންއައީ ވަރަށް ގިނަ ކާއެއްޗެހި ހިފައިގެންނެވެ.

15 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 419 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު މޫދަށް ނެރުނެވެ. އަޅުގަނޑަކީ ގަވައިދުން މޫދަށް ނުކުންނަ މީހެކެވެ. ވިއްސާރަ ވިއަސް ނުކުންނަމެވެ. އެކަނިދާންޖެހުނަސް މޫދަށްދަމެވެ.

18 ފެބްރުއަރީ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 422 ވަނަ ދުވަހެވެ. މިދިޔަ ދެދުވަހު އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ. ޖަލުގެ އާދަކާދައިގެ މަތިންދިޔަ ދެދުވަހެވެ. މިއަދު ގެއަށް ސިޓީއެއް ލިޔުނީމެވެ.

19 ފެބްރުއަރީ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 423 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ.

20 ފެބްރުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 424 ވަނަ ދުވަހެވެ. ޖަލުގެ އާދަތަކުގެ މަތިން ނިމިގެން ދިޔަދުވަހެކެވެ. ޚާއްސަކަމެއް ނުހިނގައެވެ.

21 ފެބްރުއަރީ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 425 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީގޮތުން، 1412 ޝަޢުބާން، 17 އެވެ. މިއަދު ޕްރިސަންސަށް މާމައާ ބައްދަލުކޮށް ދިނުމަށާއި ޖަވާހިރުވާދީ އިބުރޭ އަޅުގަނޑުމެން ތިބޭބަޔަށް އެއްތާކަށް ގެނެސްދެއްވުން އެދިސިޓީއެއް ލިޔުނީމެވެ. މިސިޓީގެ ކޮޕީއެއް މިހާރުވެސް އޮންނާނެއެވެ.

22 ފެބްރުއަރީ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 426 ވަނަ ދުވަހެވެ. ޖަލުގެ އާދައިގެ މަތިން ނިމިގެން ދިޔަދުވަހެކެވެ. ޚާއްސަކަމެއް ނެތެވެ.

23 ފެބްރުއަރީ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 427 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.

24 ފެބްރުއަރީ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 428 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ވަރަށްމަޖާ ދުވަހެކެވެ. ބައިގަޑި އިރަށްވުރެ ގިނައިން މޫދުގައި އުޅެވުނެވެ. މޫދުން ކުދިމަސް ހިފީމެވެ. ގިނައިންހުރީ ރާބުޅާމަހެވެ. މިގޮތަށްހިފާ މަސް ޖަލުތެރެއަށް ވައްދަނީ ލައިގެންހުންނަ ސޯޓުގެ ޖީބުގަޔާއި މޫދަށްދާއިރު ލައިގެންހުންނަ ގަމީސްބާލާއި އޭގެތެރެޔަށްލާ އޮޅާލައިގެންނެވެ. ދެން ޖަލުތެރެއަށް ވަދެވުމުން ދަޅަކަށް އަޅައިގެން ކައްކާލައިގެން ކާއްޓާއެކު ކަނީއެވެ. މިކަމާ އެއްވެސް ހުރަހެއް އަދިއެއް ނޯވެއެވެ. މިކަމުގެ ޝަކުވާ އުފުލާނެ ގައިދީއަކުވެސް ނުހުރެއެވެ. އެހެންވެ މިއީ ގަވައިދުން ކުރިޔަށް ދާކަމެކެވެ.

އަދި މޫދުގައި އުޅޭއިރު ރޮލައި ކުދިމަސް ހިފައިގެން ކައިހަދަމެވެ. ރޮލާކާންކެރެނީ އަޅުގަނޑަށް އެކަންޏެވެ. ރޮލާއި މޫދުރޯމަސް ކާންދަސްވީ ޖަލުގައި އުޅުނު ދުވަސްވަރުއެވެ. އެހެނަސް އަޅުގަނޑަކީ ރޮލައި އެއްގަމުމަސް ހަމަކަތިލާތަނުން ނަގައިގެން ކައިއުޅުނު މީހެކެވެ. ސައޫދިއަރަބިއްޔާގައި އުޅުނުއިރު ރޮލައި އެއްގަމުމަސް ކާންހުރީ ދަސްވެފައެވެ. އަދި އަވިން ހިއްކައިގެން ރޮލައިހުންނަ އެއްގަމުމަސް ކައިއުޅުނީމެވެ. މޭފަދަތަކެތި ރޮލައިކާއުޅުނީމެވެ. އަދި ގުރުބާނީއަށް ކަތިލާ ޖަނަވާރުތަކުގެ ލޭތަކުގެތެރޭގައި ހުސްފައިތިލާގައި ގިނައިރު އުޅެހަދަމެވެ. މިއީ ބައެއް އަރަބިން ކުރާކަމަކަށް ވާތީ ކުރަންފެށި ކަމެކެވެ.

އެއްގަމުރޯމަސް ކާންދަސްވީވެސް އަރަބި ބަދެވީންގެ ފަރާތުންނެވެ. މިކަންތައް ކުރަންފެށީ ދަތުރުގޮސް އުޅޭއިރު އެމީހުންކުރާތަން ފެނިގެންނެވެ. އެހެން މަގްސަދެއް އޮވެގެން ފެށުނުކަމެއް ނޫނެވެ. ޚައްސަކޮށް ކޮންމެހައްޖު މޫސުމެއްގައި ގިނައިން މިކަންކުރެވެއެވެ. އެހެންނޫނީ ޔުނިވަރ ސިޓީގެ ފަރާތުން ބައިވެރިވާ ކިޔަވާކުދިންގެ ގޮތުގައި ދާންޖެހޭ އަސްކަރީ ކޭންޕްތަކުގައި ބައިވެރިވެ އުޅޭއިރު މިއީކުރާކަމެކެވެ. އަޅުގަނޑަކީ އެދުވަސްވަރު ޔުނިވަރ ސިޓީގައި އޮންނަ ކެޑޭޓްކޯގެ ލީޑަރެވެ. ބައިވަރު ކޭންޕްތަކަށް ދާންޖެހެއެވެ. އަދި މިއިން ބުރެއްގައި އަލިފާން ނިވުމުގެ ކޯހެއްވެސް ފުރިހަމަކުރެވުނެވެ. އެސެޓިފިކެޓް އަޅުގަނޑު އަތުގައި މިހާރުވެސް އޮންނާނެއެވެ.

އަލިފާން ނިންވުުމުގެ ސެޓިފިކެޓު

މިފަދަކޭންޕްތަކުގައި ގާއިދެއްގެބައި އަދާކުރާތީ، ހުރިހާކުދިންވެސް އަޅުގަނޑަށް މުޚާޠަބްކުރަނީ “ޖެނެރަލްއިލްޔާސް” ގެ ނަމުންނެވެ. އެއިން ކުއްޖަކަށް މިހާރުފެނުނަސް އަޅުގަނޑަށް ގޮވާލައި ހަދަނީ އެނަމުންނެވެ. ރޭގައިކުރި މަސައްކަތަކީ ކާގެތެރޭގައި އަތްދޮންނަ ސިންކެއް ޖަލުއޮފީހުން ތަކެތިދިނުމުން ހަރުކުރުމެވެ. މިކަންކުރީ ސައްޕެ ކިޔައިދިން ގޮތަށް އަޅުގަނޑެވެ. އިރުއެރުމުގެ ކުރިން ހުރިހާކަމެއް ނިންމާލެވުނެވެ.

27 ފެބްރުއަރީ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 431 ވަނަ ދުވަހެވެ. މިދިޔަ ދެދުވަހަކީ، އެއްވެސް ޚާއްސަކަމެއް ނުހިނގާ ދެދުވަހެވެ. އަދި މިއަދަކީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ރައީސުލް ޖުމްހޫރިއްޔާ ހުޅުވައި ދެއްވިދުވަހެވެ. އަޅުގަނޑު އަތުގައިއޮންނަ ކުޑަކުޑަރޭޑިޔޯއިން މިއަދުގެ ރަސްމިއްޔާތު އަޑުއެހީމެވެ. އެތަގްރީރުގައި ރައީސް ވިދާޅުވި އުސްއަލިތަކަކީ މިއެވެ. އަޅުގަނޑުގެ ހަނދާނުގައި ހުރިކަންތައް ނޯޓްކޮއްލީއެވެ.

އިންސާނީ ހައްގުތަކާ ބެހޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އެއްކަމަކަށް ދެއުސޫލު ބޭނުން ކުރެވިގެން ނުވާނެކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. އަދި އަހްމަދިއްޔާ ސްކޫލަށް ދިހައަހަރު ފުރިގެން ބޭއްވި ރަސްމިއްޔާތެއްގައި ރައިސް ވިދާޅުވި ބަސްފުޅެއް މިއަދު ރޭޑިޔޯއިން އިވުނު ވަގުތު ނޯޓްކޮށްލީމެވެ. ރައީސް މައުމޫނު ވިދާޅުވަނީ މިފަދައިންނެވެ. “ތިމާގެ މަސްއޫލިއްޔަތު އެހެންމީހެއްގެ ބޮލުގައި އެޅުވިގެން ނުވާނެއެވެ. ތިމާއަށް ދިމާވާ ބަދުނަސީބެއް ނުވަތަ ދެރައެއް އެއީ އެހެންމީހެއްގެ ސަބަބުން އެމީހަކު ކުރިކަމެއް ކަމަށް ގަބޫލުކޮށް ނިންމައިގެން ނުވާނެއެވެ.” ވީމާ ބައެއް މީހުންނަށް އަނިޔާކުރެވެނީތާއެވެ!!

28 ފެބްރުއަރީ 1992 ވީހުކުރު ދުވަހު، ޖަލުގައި ހުންނަތާ، 432 ވަނަ ދުވަހެވެ. މިއަދު ޖަލުތެރޭގައި ޚާއްސަކަމެއް ނުހިނގައެވެ. އާދައިގެ މަތިން ހަމަ ތިބީއެވެ.

3 މާރަޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 436 ވަނަ ދުވަހެވެ. މިދިޔަތިން ދުވަހުވެސް ޚާއްސަކަމެއް ނުހިނގައެވެ. ޖަލުގެ އާދައިގެމަތިން ހަމަތިބީއެވެ. މިއަދު މަންމައާ ބައްދަލުކުރުން ޖަލުގެ އުނދޯލިގޭގައި އޮތެވެ. މަންމަ ވަރަށްގިނަ ވާހަކަދެއްކިއެވެ. މާމަގެ ހާލުމިހާރު އަނެއްކާވެސް ރަނގަޅުކަމަށް ބުންޏެވެ. ގެއިން ވަރަށްގިނަ ކާސާމާނު މިއަދު މަންމަ ގެނެސްދިނެވެ. ރޯދަމަސް ކާރިވަމުން އަންނަވާހަކަ ބުންޏެވެ. ދެން ގޭގެހުރިހާކަމެއް ވެސް ރަނގަޅުކަމުގައި ބުނެދިނެވެ. މިއަދު ޖަލުތެރެއިން ލިބުނުޚަބަރަކީ އާދަންޒާހިރު ގެއަށް މއ.ވަވަތިއަށް ފެޓްރޯލްފުޅިއެއްގައި ރޯކޮށްފައި އެއްލިގްރޫޕަށް މިއަދުހުކުމް އިއްވިވާހަކައެވެ.

4 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 437 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.

5 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 438 ވަނަ ދުވަހެވެ. މިއަދު ޕްރިސަންސްގެ ވެރިއެއް ކަމުގައިވާ، ރަންކޮކާ މުހަންމަދު ރަޝީދު އަޅުގަނޑުމެން ތިބޭބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މީނާއަކީ އަޅުގަނޑާއެކު އިސްލާމީ މަރްކަޒުގައި ވަޒީފާއަދާ ކުރެއްވިއިރު އަޅުގަނޑުގެ ވަރަށްގާތް ރައްޓެއްސެކެވެ. މިޒިޔާރަތުގައި ރަޝީދު އަޅުގަނޑާ ވަރަށް ގިނައިރު ވާހަކަދެއްކިއެވެ. އަޅުގަނޑާއެކު ވަކިން އިންނަވައިގެން ވަރަށް ގިނައިރު ވާހަކަދެއްކެވިއެވެ.

ރޯދަމަސް އަންނަންވާއިރަށް ބައެއްކަންތައްތައް ހަމަޖައްސައިދޭނެ ވާހަކަވިދާޅުވިއެވެ. ކެއުންރަނގަޅު ކޮށްދީ ފިހުނުމަހާއި ދޮންކޭލާއި ހަކުރާއި ބަތްޕެންދޭނެ ވާހަކަ ވިދާޅުވިއެވެ. ރަޝީދު ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީސް އަޅުގަނޑުމެން ތިބޭބަޔަށް ބޮޑުކަޅުހަމެއް ވެއްދިއެވެ. އެހަމުގައި ހަރުކުރާނެ އިސްކުރެއް ވެސް ގެނެސްދިނެވެ. ދެކޮތަޅު ސިމެންތިވެސް ގެނައެވެ. މިއީ ވާރޭވެހޭއިރު ވާރޭފެން ޖަމާކުރުމަށް ގެނެސްދިން ފެންތާނގީއެކެވެ. ތާންގީބެހެއްޓުމަށް ބުޑުއެޅުމާއި ބެހެއްޓުމުގެ ހުރިހާމަސައްކަތެއް ކުރުމަށް ހަވާލުވީ އަޅުގަނޑުމެން އަމިއްލައަށެވެ.

6 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 439 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ މުލަރޯދަދުވަހެވެ. ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. އަދި މިއަދުރޯދަ ވީއްލުމަށް މާބޮޑުބަދަލެއް ނާދެއެވެ. އެހެނަސް ރޯދަވީއްލުމަށް ފުދޭވަރަކަށް ކާތަކެތި ގެނެސްދިނެވެ. ރޯދަވީއްލީ އެންމެން އެކުގައެވެ.

7 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 440 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ.

10 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 443 ވަނަ ދުވަހެވެ. މިދިޔަ ދެދުވަސް ދިޔައީ އާދައިގެ މަތިންނެވެ. އާކަމެއް ނުހިނގައެވެ. މިއަދު އަޅުގަނޑު އަތުގައިއޮންނަ ގަޑީގެބެޓެރި ހުސްވެގެން ބެޓެރީލައްވައި ދިނުންއެދި ގެއަށް ފޮނުވުމަށް ޕްރިސަންސްއާ ހަވާލުކުރުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ. މިއަދު މޫދަށް ނެރުނެވެ. މޫދުގައި އަތުބޯޅަކުޅުން އޮތެވެ. މިއީ އަތިރިމަތިން ލިބުނުބޯޅައެކެވެ. ސިފައިން ކުދިން ވޮލީކުޅެން ގެންގުޅޭ ބޯޅައެކެވެ. އަޅުގަނޑުމެން ކުޅެލަން ދިނީއެވެ. މިކަހަލަކަންތައް މިހާރަކަށް އައިސް މާބޮޑު ކަންތަކަކަށް ނުވެއެވެ. މިރޭ އިޝާނަމާދަށް ފަހު، ބެއްޔާ (ހުސައިން އަބޫބަކުރު) ސާމާނާއެކު ނެރެގެން ގެންދިޔައެވެ. ހީވަނީ މާލެއަށް ގެންދަނީ ހެންނެވެ. މަޖާކޮށް ދުވަސްތައް ގުނަމުން ހުރެގެން ދަނީއެވެ.

11 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 444 ވަނަ ދުވަހެވެ. ރޭގެނިދީގައި ކެތީރޯޒް މަރީ ހުވަފެނުން ފެނުނެވެ. މަޖާކޮށް ވާހަކަދައްކާލާއި ކައިބޮއިހަދާ މަންޒަރެވެ. އެގޭ ބޭފުޅުންގެ މަންމައާއި ބައްޕަވެސް ފެނުނެވެ. މުޅިމިއަދު، އެކުގައިހެން އެގޭހުރިހާކުދިންގެ މަތިން ވަރަށްބޮޑަށް ހަނދާންވިއެވެ. އެގޭގެހުރިހާ ބޭފުޅުންގެ ތެރެއިން މަރީއަކީ އަޅުގަނޑާ ސަމާސާކޮށް ދިމާކޮށް ހައްދަވާ ބޭފުޅެކެވެ. އެހެންވެ އޭނާގެ މަތިން ވަރަށް ބޮޑަށް ހަދާންވިއެވެ.

12 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 445 ވަނަ ދުވަހެވެ. މިއަދު އާކަމެއް ނުހިނގައެވެ.

13 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 446 ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާން މަހުން، 8 ވަނަ ދުވަހެވެ. ރޯދަ ވީއްލަން ގެނައީ އޭބީސީ ޕައިންއެޕަލް ޖޫސް ފިނިކޮށްފައާއި ރޮށްޓާއި ރިހައާއި މަސްހުންޏެވެ. އަދިސައި ގެނެސް ދިނެވެ. އާންމުކޮށް ކެއުމުގެ ކަންތައް ރަނގަޅެވެ. ހާރުކާންވެސް ރަނގަޅަށް ގެނެސްދެއެވެ. ދޮންކޭލާއި ހަކުރާއި ފިހުނުމަސް ހުރެއެވެ.

14 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 447 ވަނަ ދުވަހެވެ. ޚައްސަކަމެއް ނެތެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.

15 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 448 ވަނަ ދުވަހެވެ. މިރޭމާލެދާން ތައްޔާރުވެގެން ހުރުމަށް ނޯޝާދު ވަހީދު ނޯބެއަށް އެންގިއެވެ. އެހެނަސް ނިދަންވީއިރުވެސް ބަލައެއްނައެވެ. މިރެއަކު ނުގެންދިޔައެވެ. މިއަދު ނޯބެއަށާއި ހަންނާނަށް އެމީހުންގެ ގެއިން ކާނާފޮނުވިއެވެ. ވަރަށް ގިނަދުވަސްކޮށްފައި މިއަދު ވާރޭވެހުނެވެ. މިރޭވަރަށް ބޯކޮށް ވާރޭވެހުނެވެ. މެދުކެނޑުމެއްނެތި ތިރީހަކަށް މިނެޓްވަންދެން ވާރޭވެހުނެވެ.

16 މާރޗް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 449 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ނޯބެމާލެ ގެންދިޔައެވެ. ހީވަނީމާލެއަށް އެކުގައި ގެންދިޔައިހެންނެވެ. އޭނައަކީ އަބަދުވެސް އެންމެކުރިން ގެއަށް ގެންދާމިހާއެވެ. ހަދާނުހަދާއެއް ނޭނގެއެވެ. މިއަދު މެންދުރު ކުރިން ނޯބެ މާލެގެންދިޔައެވެ. ހީވާގޮތުގައި އެކުގައި ގެއަށް ބަދަލުކުރީއެވެ.

މާމައާ ބައްދަލުވުމަށް އެދި ޕްރިސަންސަށް ލިޔުނުސިޓީގެ ޖަވާބު މިއަދު ދެއްވިއެވެ. ޖަވާބުގައިއޮތީ، 30 މިނެޓަށް މާލެ ގެންގޮސް މާމައާބައްދަލު ކޮށްދެވޭނެ ކަމަށެވެ. އަދި މިކަން ހަމަޖައްސަވައި ދިނުމަށް މިހާރުވާނީ، މިނިސްޓްރީ އޮފް ޑިފެންސަށް އަންގާފަކަމަށް ލިޔެފައި އޮތެވެ. އަދި ގާމާދޫ ޖަލުގައިތިބި ޖަވާހިރުވާދީގެ އެހެންކުދިންނަށް ވެސް މާމައާ ބައްދަލުވާން ބޭނުންނަމަ، ޖަލުގެ ވަގުތީ ގަވާއިދުގެ، 26 ވަނަ މާއްދާގައި ވާގޮތުގެމަތިން ޕްރިސަންސް ޑިވިޒަނުގައި ސިޓީއަކުން އެކަމަށްއެދި ދެންނެވުމުން އެކަން ހަމަޖައްސައި ދޭނެކަމަށްވެސް އެސިޓީގައި ލިޔެފައިއޮތެވެ.

އަދި މިއަދު އަޅުގަނޑުމެންނާ އެކުޖަލުގައިހުރި ރަޣީބު އޭނާގެ އަންހެނުންނާ ބައްދަލުކުރުން ގާމާދޫގައި ހަމަޖެހިފައި އޮތެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. 21 ފެބްރުއަރީގައި ޕްރިސަންސް ޑިވިޒަނަށް ލިޔެފޮނުވިސިޓީ ލިބުނުކަމަށް ޖަވާބުގައިއޮތީ، 8 މާރޗްގައި ކަމަށެވެ. ޖަވާބުގައި ދުވަހެއްކަމަށް ލިޔެފައިއޮތީ، 10 މާރޗެވެ. އެއީ މިއަހަރުގެ ރަމަޟާން މަހުން، 5 ވަނަ ދުވަހެވެ. ސިޓީގެ ނަންބަރަކަށް އޮތީ، 64/ 1992 އެވެ. މިސިޓީ ރައްކާކޮށްފައި އަޅުގަނޑު އަތުގައި އެބައޮތެވެ. ނޯބެއަށް ހެދިގޮތެއް އަދިކަށަވަރެއް ނުވެއެވެ. ރޭމެންދަން ވީއިރުވެސް ނިދާކަށް ނުގެނެއެވެ. ހީވާގޮތުގައި ގެއަށްބަދަލު ކުރީއެވެ.

ނޯބެއަކީ، ޖަލުގައި ހުރިއިރު ވަރަށްފާޑުފާޑުގެ ސިޓީތައް އިސްތޮފާއަށާއި ރައީސް މައުމޫނަށް ލިޔެހެދި މީހެކެވެ. ޚާއްސަ ކުރެހުންތައް ރައީސް މައުމޫނަށް ކުރަހައިދީ ހަދައިދޭ މީހެކެވެ. އަދި ރައީސް މައުމޫނު އެދިވަޑައި ގަންނަވާ އެކިފާޑުގެ ކުރެހުންތައް ކުރަހައިދިން މީހެކެވެ. ފާހަގަވާވަރަށް ސަރުކާރުގެ ބޮޑުންނާއި ވެރިންނާ ގުޅުން ބޮޑުކަން ސާބިތުކުރެ ވިފައިވާ މީހެކެވެ. އަދި އެހެން ގައިދީންގެ ބައެއް ޝަކުވާތައްވެސް ވެރިންގެއަރިހަށް ލިޔެހަދާކަން ފަޅާއަރާފައިވާ މީހެކެވެ.

އަދި މީގެއިތުިރުން ނޯބެގެ އަންހެނުންނަކީ، އެންދެރިމާގޭ އައްބާސް އިބްރާހީމާ، ދުރުތާތިމާގެ އަދި ވަރަށްގާތް ކަމެއްއޮންނަ މީހެއްކަމަށް ޖަލުތެރޭގައި އޮންނަނީ ވަރަށް މަޝްހޫރުވެފައެވެ. އަދި ޔާމީނު އަތުންނާއި ބުރުމާގާސިމު އަތުން އެއްވަރަށް އެކިފާޑުގެ އެހީތައް ހޯދާ މީހެކެވެ. މިއެންމެންގާތުގައި އޯކޭމީހަކަށް ވެވޭނީ ގޯސްތަކެއް ހުންނާތީއެވެ. ސިއްރު ވާހަކަތަކެއް ބަދަލުކުރެވޭތީއެވެ.

17 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 450 ވަނަ ދުވަހެވެ. މިއަދުހެދުނު ގާމާދޫޖަލު އޮފީހުން މީހަކުއައިސް ނޯބެގެ ހުރިހާސާމާނެއް މިބައިން ނެރެގެން ގެންދިޔައެވެ. ނޯބެގެ ކަންތައް މިގޮތަށް މިހިންގީ އޭނާގެއަށް ބަދަލުކުރިކަން އަޅުމެންނަށް ސީދާގޮތަށް ނޭންގުމުގެ ބޭނުމުގައެވެ. އެހެނަސް މިހާހިސާބުން ނޯބެގެންދިޔައީ ގެއަށްކަން އަޅުގަނޑު މެންނަށް ޔަގީން ވެއްޖެއެވެ. ކޮންމެއަކަސް ރަނގަޅުތާއެވެ. އަޅުގަނޑު މެންގެތެރެއިން އެކަކަށް ގެއަށްދެވުނީތާއެވެ!

18 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 451 ވަނަ ދުވަހެވެ. މިއަދުހަވީރު ވަގުތެއްގައި ރަންކޮކާ ރަޝީދާއި ގަސް އިބްރާހީމް މަނިކާއި ޖަލުބަލަހައްޓާ ޕްރިސަންސް އޮފީހުގެ ވެރިޔަކަށް ހުންނަވާ ކ.ހިންމަފުށީ ނަސީމާއި ސިފައިންގެ ނާޒިމް މިބަޔަށް ވެންނެވިއެވެ. އަދި ވަގުތުން، 7 ނަންބަރުކޮޓަރި ހުސްކުރަން އެންގިއެވެ. އެކޮޓަރީގައި އޮތް އަސުރުމާގޭ އާދިލް ގެންގޮސްވެއްދީ، ނޯބެ ނުކުމެގެން ހުސްވި، 12 ނަންބަރު ކޮޓަރިއަށެވެ. އަބްދުލް ޣައްފާރު އޮތްތަނުން ނެރެގެން ގެންގޮސްވެއްދީ، 6 ނަންބަރު ކޮޓަރިއަށް ބެއްޔާ އޮތްތަނަށެވެ.

މިއަށްފަހު މިވެރިންމާގިނަ އިރުތަކެއް ވަންދެން ނުތިބެ މިބައިން ނުކުމެ ހިނގައްޖެއެވެ. ޚަބަރު ލިބުނުގޮތުގައި އިއްޔެ ޖަވާހިރުވާދި އިބުރޭމެން ގާމާދޫގައި ތިބޭބޮޑު ގޮޅިއަށް، މައްޗަންގޯޅި ވަވަތި އާދަންޒާރުގެ ގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައިއެއްލި ގްރޫޕް ގެނެސް ވައްދައިފިއެވެ. މިގްރޫޕްގައި ހިމެނެނީ، ހަލީމް، ޝިޔާމް، މުސްތަފާ، ވަލީދު، ވާފިރު، އަދި ޒަހީނެވެ. ރިޝްވާން އައްބާސް އަދިވެސްހުރީ ދޫނިދޫގައި ކަމަށްވެއެވެ. މިއެންމެން މިގެނައީ ހުކުމްއިއްވާ ނިމިގެން ހުކުމް ތަންފީޒު ކުރުމަށެވެ.

19 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 452 ވަނަ ދުވަހެވެ. މިއަދުހެދުނު ޖަލުއޮފީހުން، ނަސީމް ދުރުވެ، އަޅުގަނޑަށް އެންގީ މާލެދިއުމަށް ތައްޔާރުވެގެން ހުރުމަށެވެ. އަވަހަށް ފެންވަރާހަދާލި ތަނާހެން މާލަސްތަކެއްނުވެ ބަލާއަތުވެއްޖެއެވެ. ނެރެގެން ދޯންޏަށް ގެންދިޔައިރު، އަބްދުﷲ ހުސައިން ވެސް މާލެގެންދިއުމަށް ދޯންޏަށްލާފައި އިނެވެ. މާލެގެންދިޔައީ ވެސް އަދި ޖަލަށް ގެނައީވެސް އަޅުގަނޑުމެން ދެމީހުން އެކުގައެވެ. އަބްދުﷲ މާލެގެންދިޔައީ ހޮސްޕިޓަލަށެވެ. އަޅުގަނޑު ގެންގުޅުނީ ބޮޑުމުޖްރިމެއްހެން ޑިފެންސްގެ ބެލުމުގެ ދަށުގައެވެ، އަބްދުﷲ ގެންގުޅުނީ ޕްރިސަންސްގެ ހަވާލުގައެވެ.

މާލަސްތަކެއްނުވެ ޑިފެންސް ތެރޭގައި އަޅުގަނޑު ބޭންދުމަށްފަހު، އަޅުގަނޑު ސިފައިންގެ ބަހަކަށް ލައިގެން ދުއްވާލީ ޖަވާހިރުވާދީއާ ދިމާއަށެވެ. އޯކިޑްމަގަށް އެޅުމުން ގެއަށް ގެންދަނީކަން ޔަގީންވެއްޖެއެވެ. ގޭދޮށަށް މަޑުކޮށްފައި މިގެނެވުނީ މާމައާ ބައްދަލުކޮށް ލުމަށްކަމަށް އެންގިއެވެ. ކުރިން މިކަހަލަ ޚަބަރުތައްދީ ނުހަދަނީ ފިލުމަށް ރޭވުންތަކެއް ރާވައި ހަދާފާނެތީއެވެ. އަދި އެހެން ބައެއް ކަންތައް ރާވަފާނެތީއެވެ. އަދި ގޭގައި، 40 މިނެޓެވަރު ވާނެކަމަށް އެންގިއެވެ. މާމަފިޔަވާ އެހެންމީހަކާ ވާހަކަ ދައްކައިގެން ނުވާނެކަމަށް އެންގިއެވެ. ބޮޑުމީހަކަށް އިސްކޮށްހުރީ ސިފައިންގޭގައި އުޅުއްވާ ޅަބެއެވެ. މިގްރޫޕްގައި ސިފައިންގޭގައި އުޅުއްވާ އަހަންމާވެސް ހުއްޓެވެ.

މޫސަބޭއޭކިޔާ ވަރަށް މުސްކުޅި މީހަކުވެސް ހުއްޓެވެ. މިބޭބެ ބައެއްފަހަރު މާލޭގައި ހުންނަމޭނާ ޖަލަށް ކާންދޭން ގެންދާއިރު ގައިދީންނަށް ކާންދިނުމުގައި ހަރަކާތްތެރިވާތަން ފެނިފައިވެއެވެ. ދެންތިބީ ބަސްޑުރައިވަރާއި އަދި އިތުރު ސިފައިންގެ މީހެކެވެ. މާމަ ވަރަށްބޮޑަށް ބައްޔެވެ. އޮންނެވީ އެނދުގައި އޮށޯވެގެންނެވެ. ގޭތެރެއިން ވަރަށްގިނަ ކުދިންނާ ދިމާވިއެވެ. ގޭގައިވަހީދުބެ ވެސް ހުންނެވިއެވެ. އޭނާ އަޅުގަނޑަށް ވަރަށް ކެތްތެރިވުމަށް ނަސޭހަތްތެރި ވިއެވެ. ބޭރުގައި ކުރެވެންހުރި ހުރިހާމަސައްކަތެއް ބަރާބަރަށް ހިނގަމުންދާކަމަށް ވިދާޅުވިއެވެ.

އަބަދުވެސް ރަނގަޅު މީހަކަށްވުމުގެ ވިސްނުން ގެންގުޅުމަށް ހަދާންކޮށް ދިނެވެ. ސިޔާސީމީހުންނާ ކަންތަކާ ކުރިމަތިވާނެކަން ހަދާންކޮށްދިނެވެ. އަދި އަޒުމްވަރުގަދަކޮށް ހިތްވަރުކުރުމަށާއި ދެން ޖަލުގައި މާގިނަދުވަސްތަކެއް ނުވާނެކަމަށް ބުނެދިނެވެ. މިގެންދަނީ ކުރެވެންހުރި ހުރިހާކަމެއް ބޭރުންނާއި އެތެރެއިން ކުރަމުން ކަމުގައި ވިދާޅުވިއެވެ. މިފުރުސަތުގައި ތުއްތަ (އިދްހާމް ހުސައިން) އަޅުގަނޑުގެ ތިންފޮޓޯނެގިއެވެ. މާމައާއެކު އެނދުމަތީގައި އިންދެގެންނެވެ. ނީޝާނާއި ޖެފްއާދެކުދިންނާ ވެސް އެކުގައި އެނދުމަތީގައި އިށީނދެ ތިބެގެންނެވެ. މިއީ މާމައާ ބައްދަލުކުރަން ގެނައި ދެވަނަ ފަހަރެވެ. ގެއިން ޚަބަރުދިން ގޮތުގައި ނޯބެވަނީ އޭނާގެ ގެއަށް ބަދަލުކޮށްފައެވެ. އަލީވަހީދު ހަސަން މަނިކު ވެސްވަނީ ގެއަށްބަދަލު ކޮށްފައެވެ. އެންމެފުރަތަމަ ގެއަށްބަދަލުވި މީހުންގެތެރޭގައި މިމީހުންހިމެނުނެވެ.

ލޯބިވާ މާމައާއި ޖެފާއި ނީޝާނައި އެކު ޖަވާހިރުވާދީގައި

20 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 453 ވަނަ ދުވަހެވެ. މޫދަށް ނެރުނެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ.

21 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 454 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑާއެކު އެއްކޮޓަރީގައި އުޅުނު ޅަރީތި އަހްމަދުރަޝީދު މާލެގެންދިއުމަށް ބަލާއައުމުން މާލެއަށް ހޮސްޕިޓަލަށް ނުދާނަމޭބުނެ މާލެދިއުމަށް ދެކޮޅުހެދިއެވެ. ހޮސްޕިޓަލަށް ދާންބޭނުންނުވާ ކަމަށްބުނެ ދެކޮޅުހަދާ ލުމުން އެކަންހުއްޓާލާފައި ބަލާއައިމީހާ އެނބުރި ހިނގައްޖެއެވެ. ފަހުން އޭނަބަލައެއް ނާދެއެވެ.

22 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 455 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ވަރަށް މަޖަލެވެ. މިއަދުކާގެއަށް ބަތްކާބިއްލޫރި ތައްޓާއި ފައިފުހި ލިބުނެވެ. އެދޭވަރަކުން މިކަހަލަ ކަންތައްތައް ގެންދަނީ ކޮށްދެމުންނެވެ. އަޅުގަނޑު ގޭގައިކާންގެންގުޅޭ ބަތްކާތައްޓާއި އަޅުގަނޑު ގޭގައި ކާންގެންގުޅޭ އޫގެއިން ގެނެސްދިނުމަށް އެދުމުން އެކަންކޮށްދޭނެ ކަމަށް އޮފީހުގައި އިންނަވާ ނަސީމް ބުނުއްވިއެވެ.

ރޭގައިފަތިސް ނަމާދަށްފަހު ނިދާފައިއޮއްވާ ހުވަފެނުން ފެންނަނީ، ރައީސް މައުމޫނާބައްދަލު ކުރުމަށް ތީމުގެއަށް ގޮސްއުޅެނި ކޮށެވެ. އެކަމުގައި މެދުވެރިވެ އުޅެދެއްވަނީ ހުދުއަސުރުމާގޭ އާދަމްނައީމެވެ. އެހެނަސް ރައީސް މައުމޫނު އިންނަވާ ކޮޓަރިކޮޅަށް އަރިހަށް ނުވަދެވެނީސް ހޭލެވުނީއެވެ. މިހުވަފެނުގެ ތަޢުބީރު އެކިގޮތްގޮތަށް ވިސްނުމުގައި ގެންގުޅެވުނެވެ. އެންމެބޮޑަށް ބުރަވެވުނީ، ރައީސް މައުމޫނު އަޅުގަނޑާ ބައްދަލުކުރުމަށް ހިތްޕުޅަށް އަރާވަޑައި ގަންނަވަނީ ކަމަށެވެ.

ނުވަތަ ހިތްޕުޅުގައި އެކަންތައް ދައުރުވަނީ ކަމަށެވެ. އެހެނަސް އަދި އެކަށީގެންވާ ވަގުތު ނުޖެހެނީކަމަށެވެ. އަޅުގަނޑުގެ ހިތުތެރޭގައި ގަޑިޖެހުމުން އެކަމަކީ ހިނގާނެކަމެއްކަން މިއަދުންފެށިގެން ޔަގީން ކުރެވުނެވެ. އަދި މިޔަގީންކަން ދުވަހަކަށް ދުވަހެއް ދިޔައީ ހިތުތެރޭގައި އަށަގަންނަމުންނެވެ. އިތުރަށް ތާޒާވަމުންނެވެ. މިއީ ވަރަށް ރަނގަޅު ހުވަފެނެއް ކަމުގައި ހިތުގެއަޑިން ގަބޫލްކުރެވުނެވެ.

23 މާރޗް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 456 ވަނަ ދުވަހެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، ގެއަށް ދެވިގެންއުޅެނި ކޮށެވެ. އެއުފަލުގައި އުޅޭމަންޒަރެވެ. އަޅުގަނޑާއި ބިގޭއާއި އިބުރޭއާއި އަލީއާ، 4 މީހުން ގޭތެރޭގައި މަންމަމެންނާ އެކު މަޖާކޮށް ވާހަކަދައްކާއި ކައިބޮއި ހަދާތަނެވެ. ބިގޭއާއެކު ސަލާމްކުރީ ބައްދާސަލާމުންނެވެ. މިއީ ޕާކިސްތާނުގައި ސަލާންކުރާ ގޮތެވެ.

މިސަލާމަށް ކިޔަނީ، ބަޣަލްގީރު ކުރުމެވެ. އެހެނަސް ހަންދު އެއްގޮތަކަށް ވެސް ނުފެނެއެވެ. މިއަދު އަލިފާނު މައްސަލައިގެ ނާސިރު ކޯޓް ނަންބަރު، 6 އަށް ގެންދިޔައެވެ. 13 އަހަރުދުވަހަށް ޖަލަށްލުމަށް އޭނާއަށް، ހުކުމް އިއްވިއެވެ. މިއީއޭނާ އަންދާލުމަށްވަތް ތަންތަނުން ވަށްކަންކޮށްގެން އިއްވުނު ހުކުމެކެވެ. އަދި ޓެރަރިޒަމްގެ ބަޔަށް ވަކިންހުކުމް އިއްވާގޮތަށް ބާއްވާފައި އޮތީއެވެ.

24 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 457 ވަނަ ދުވަހެވެ. މިއަދު މ.މާކޮޅު ވިސާމް މާލެ ގެންދިޔައެވެ. އެނބުރި އައިސް ބުނެދިނީ މާލެގެންދިޔަ ބޭނުމަކީ، ހީރޯގެ މައްސަލައިގާ ހެކިބަސް އެހުމަށް ކޯޓުނަންބަރު، 6 އަށް ގެންދިޔައީކަމަށެވެ. މިދެމީހުންނަކީ ވެސް މާލެތެރޭގައި ރޯކުރިއަލިފާނާ ގުޅޭމީހުންނެވެ. ބިގޭއާއި ހަންދުއާއި އަންނިގެ ހާލު ރަނގަޅުކަމަށް ވިސާމުބުންޏެވެ. އަދި އެމީހުންގެ ސަލާމާއި ހެޔޮދުއާ، ވިސާމް ގެނެސްދިނެވެ. ދިމާވީ މާލޭންނެވެ.

25 މާރޗް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 458 ވަނަ ދުވަހެވެ. މިއަދު ގެއިން މަންމަގެ ސިޓީއަކާއި ގެއަށް ބެޓެރީލައްވަން ފޮނުވިގަޑި ބެޓެރީލައްވައިގެން އަނބުރާ އަޅުގަނޑަށް ލިބުނެވެ. އަދި ރަންކޮކާ މުހަންމަދު ރަޝީދު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. އަޅުގަނޑު ވަކިން ދުރަށް ގެންގޮސް ނަސޭހަތުގެ ބަސްކޮޅެކޭ ވިދާޅުވެ ވާހަކައެއް ވިދާޅުވިއެވެ. މިވާހަކައިގެ ތެރޭގައި މިތާތެރޭގައި އެކަކުއަނެކަކަށް ހަޑިހުތުރުއެއްޗެހި ކިޔާޚަބަރު މިތާތެރެއިން ލިބިފައިވާ ކަމަށް ބުނެދެއްވިއެވެ.

މިކަން ޕްރިސަންސާ ހަމައަށް އައިސްފައި އޮތީމާއެވާހަކަ އިލްޔާސް ކައިރީގައި ދަންނަވާލީ ކަމަށް ވިދާޅުވިއެވެ. އަދި މަޖަލަށް ދޫމަތީބަސްތަކެއް ގޮތުގައި ހުތުރުއެއްޗެހި އިލްޔާސްވެސް ބުނެލާހަދާކަމަށް މިޝަކުވާގައި ވާކަމަށް ވިދާޅުވެ ދެއްވިއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންގެ ތެރެއިން މީހަކުމިވާހަކަ ޕްރިސަންންސަށް ލިޔުނީ ހެންނެވެ. އެހެންވެ ރަޝީދު ވަޑައިގެން އެވާހަކަ ސީދާއަޅުގަނޑާ ދައްކާލެއްވީ ކަމަށެވެ. އެއްވެސް ޚިޔާލެއްނެތި ދޫމައްޗަށް އަންނަބައެއް ހަޑިބަސްތައް އާންމުކޮށް މިތާތެރޭގައި ބޭނުންކޮށް އުޅެއެވެ.

އަޅުގަނޑަކީ ވެސް މަޖަލުގައި އުޅޭއިރު ކުއްލިއަކަށް އެފަދަބަސްތައް ބުނެލާހަދާމީހެކެވެ. އެކަމާ އެންމެބޮޑަށް އަޅައިގަނެގެން އަބަދުވެސް ވާހަކަދައްކާ ބޭފުޅަކަށް އަޅުގަނޑުމެންގެ ތެރޭގައި އުޅުއްވަނީ، އަބްދުލް ހަންނާން ހެރިންސް އެވެ. ރަޝީދުގެ ވާހަކަފުޅުން ލަފާކުރެވެނީ އަބްދުލްހަންނާން އިސްތަފާއަށް އެޑްރެސްކޮށް އަޅުގަނޑުގެ ނަންލައިގެން ޝަކްވާގެ ސިޓީއެއް ފޮނުވީހެންނެވެ. މިއިން އެނގުނު އެއްޗަކީ އަބްދުލް ހަންނާނަކީވެސް އިސްތަފާއަށް ޝަކުވާސިޓީ ލިޔާމީހެއްކަމެވެ.

މިއަދު ހެނދުނު، 9:00 މިނެޓްގައި، 21 ބަޑީގެ ސަލާމާއެކު ކޯއްޓޭ މައިދާނުގައި ބޮޑުދަނޑިއެއް ޖެހުމަށްފަހު ގައުމީދިދަ، ރައީސް މައުމޫނު ނަންގަވައި ދެއްވިޚަބަރު ރޭޑިޔޯއިން ލިބުނެވެ. ރައީސްމައުމޫނު ދިދަނަންގަވައި ދެއްވިދަނޑީގައި އުސްމިނުގައި ސަތޭކަފޫޓު ހުންނަކަމަށާއި ނަންގަވައިދެއްވި ދިދައިގާ، 20 ފޫޓު 30 ފޫޓު ހުންނާނެ ކަމަށްވެއެވެ. އަދި މިއަދު ކެޕްޓަން މުއާޒުގޭގެ މީހުން ޖަލަށް އައިސް އޭނަޔާ ބައްދަލު ކުރުންއޮތެވެ. މިއަދު ޖަލުއޮފީހުން އައިސް މިތާތެރޭގައި ހުސްކޮށްހުރި، 7 ނަންބަރުކޮޓަރި ތަޅުލައިފިއެވެ.

26 މާރޗް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 459 ވަނަ ދުވަހެވެ. މިއަދު މިތަނަށް ސިފައިންގެ ފަރާތުން ވެންނެވި، ނާޒިމްކައިރިން އެހުމަށް ފަހު، ޖަލުންބޭރުގައި މިތަނާވަރަށް ކައިރީގައިހުރި ކަށިކެޔޮގަހަކުން ކަށިކެޔޮގަނޑެއް ކެނޑީމެވެ. ކަށިކެޔޮ ކާ ހިތުންނެވެ. މިކަންކޮށްދިނީ ފާޒިރެވެ. ފާޒިރުގަޔަށް އެގަހުންކުޅަދުރު ކަށިޖެއްސެވެ. މުޅިމޫނު ދުޅަކޮށްލިއެވެ. އެހެނަސް އޭނާފޭބީ އެކަން ކާމިޔާބުކޮށް ކަށިކެޔޮގަނޑު ކަނޑާވައްޓާލާފައެވެ.

27 މާރޗް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 460 ވަނަ ދުވަހެވެ. މިއަދު އާދިލްގޭގެ މީހުންއާދިލާ ބައްދަލުވުމަށް ގާމާދޫޖަލަށް ޒިޔާރްތް ކުރިއެވެ. ރޭގައި ހޭލާތިބެގެން ވަރަށްގިނައިރު ވަންދެން ސިންކު ބެހެއްޓުމުގެ މަސައްކަތްކޮށް ވަޅުލަންޖެހޭ މަކުޑީގެ ދެލަކުޑިގަނޑު ފާރުގައިވަޅުލާއި ފެންވައިރުކޮށް ވޭސްޓްޕްލަގް ގުޅާނިންމާލެވުނެވެ. އިރިއޮއްސުނު ވަގުތާދިމާކޮށް އިސްތަފާއާއި ރަންކޮކާ ރަޝީދު ޖަލުބައްލަވާ ލައްވަން ވަޑައިގެންނެވި ޚަބަރުލިބުނެވެ. މިތާތެރެއަށް ނުވަންނަވައެވެ. ބޭރުބޭރުން ބައްލަވާލައްވާފައި ވަޑައިގެންނެވީއެވެ. ހީވަނީ ބަދަލެއް ގެންނަވަންވެގެން ބައްލަވާލެއްވީ ހެންނެވެ.

28 މާރޗް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 461 ވަނަ ދުވަހެވެ. މިއަދަކީ ރަމަޟާންމަހުން، 23 ވަނަ ދުވަހެވެ. ރޯދަމަސް އޮވެގެން ނިމިގެން ދަނީއެވެ. މިއަދު ޕްރިސަންސަށް ދެސިޓީއެއް ލިޔުނީމެވެ. އެއްސިޓިއަކީ ގެއިން އަޅުގަނޑު ކާންގެންގުޅޭ ބަތްކާތައްޓާއި ކާންގެންގުޅޭއުލާއި މަގެއް ޖަލަށް ގެނެސްދެއްވާތޯއެވެ. ކުރީދުވަހެއްގައި މިވާހަކަދަންނަވާ ލުމުންއޮތީ ސިޓީއެއް ލުމަށް ވިދާޅުވެފައެވެ. އަނެއް ސިޓީއަކީ، އިބުރޭއާއި މުއީދާއި އަޒްމީލާއި އަބްދުﷲ ހުސައިން، މިހަތަރުމީހުންނާ ޖަލުގައި ބައްދަލުކޮށްދެއްވާތޯ އެދި ލިޔުނުސިޓީއެކެވެ.

އަދި ގެއަށް ފޮނުވިސިޓީ ތެރޭގައި ވަކިންމަންމައަށް އެޑްރެސްކޮށް ސިޓީއެއް ލިޔުނީމެވެ. އެއްގޮތަކަށް ވެސް ދެރަނުވުމަށް މަންމައަށް ނަންގަތީމެވެ. މަންމައާ ދުރުގައި ޖަލެއްގެ އަނދިރީގައި އަޅުގަނޑުމެން ހުރިހާކުދިން ތިއްބަސް އަބަދުވެސް މިތިބެނީ މަންމަގެ ގާތުގައި ކަމުގައި ދެކޭށެވެ. ލިޔުނީމެވެ. އަބަދުވެސް މަންމަގެ ލޯތްބާއިކުލުނު ލިބެމުންދާކަން ކަށަވަރެވެ. ލޮބުވެތި މަންމަގެދުއާތައް އަބަދުވެސް އަޅުގަނޑުމެންގެ ރޫހުގައި ވެއެވެ. ނުފެންނަ ހިސާބުގައި އަޅުގަނޑުމެން ބަންދުކޮށްފައި ތިއްބަސް، ލޮބުވެތި މަންމައާއި އަޅުގަނޑު މެންނާވަނީ ރޫހާނީގޮތުން ގުޅިފައެވެ. ﷲ މެދުވެހިކޮށް ރޫހާނީގޮތުން މިތިބެނީ އަބަދުވެސް ހެޔޮދުޢާއިން ގުޅިފައެވެ.

މަންމަވެސް އަޅުގަނޑުމެންނަށް ވީހާއަވަހަށް ރަނގަޅު ގޮތެއްވޭތޯ، ﷲއަށް އިތުރަށް ދަންނަވަމުން ގެންދަވާށެވެ. އަޅުގަނޑު މެންވެސް މިތިބެނީ އަބަދުވެސް ދުޢާމަތީގައެވެ. ގަވާއިދުން ބަރާބަރަށް ނަމާދު ކުރަމެވެ. މާމަރަނގަޅަށް ބަލާށެވެ. މާމައަށް ވެސް ދުއާކުރަމެވެ. މިއަނިޔާވެރި ސަރުކާރުން، ޖަލަށް ނުގެނެސް ގޭގައި ތިބިކުޑަކުދިން ރަނގަޅަށް އޯގާތެރިކަމާއެކު ބަލާށެވެ. އަޅުގަނޑުމެން އެންމެންނަކީ ލޮބުވެތި މަންމަގެ އުންމީދުތަކެވެ.

އަޅުގަނޑުމެން މަންމަގާތުގައި ނެތުމުން އޭގެތެރެއިން ކުއްޖަކަށާއި މާމައަށް އުނިކަމެއް އަޔަނުދެއްވާށޭވެ. ހިތްވަރުގަދަ ކުރައްވާށެވެ. އެއްގޮތަކަށް ވެސް މާޔޫސްވެ ނުލައްވާށެވެ. މިސަރުކާރުގެ އަނިޔާވެރި އަނދިރި ނާމާންޖަލުތަކުގައި މިތިބީ، މަންމަގެ ހެޔޮދުޢާތަކުގެ ދަށުން މުޅިންހެޔޮހާލުގައި ފުރިހަމަ ސިއްހަތެއްގައި ސަލާމަތުންނެވެ. ލޮބުވެތި މަންމައަށް އަޅުގަނޑުމެން ނުފެނުނަސް އަބަދުވެސް މިތިބެނީ މަންމަގެ ކުލުނާއި އަޅާލުމުގެ މަތިންހަދާން ކޮށްކޮށެވެ. މަންމައަށްކުރާނެ އަސަރުތައް ހިތުގެއަޑިން އިހްސާސް ކުރެވޭތީއެވެ.

އަޅުގަނޑުމެން ސަލާމަތްކުރުމަށް ރައީސް މައުމޫނު އަރިހަށް ސަލާންޖެހުމަށް، އަދި އެހެންބޮޑުންގެ މީހެއްގެ އަރިހަށް އެއްވެސްކަހަލަ މަދަދަކަށްއެދި ދާނެކަމެއް ނެތެވެ. ﷲގެ ހެޔޮރަހްމަތުން އަޅުގަނޑުމެން މިނިވަންވެގެން މަންމަގާތަށް އުފަލުން ފޮޅިގެންވާހާލުގައި އަންނާނަމެވެ. މިކަންކޮށްދެއްވާނީ، ﷲގެ ރަހްމަތުން، ހަމަރައީސް މައުމޫނެވެ. އަޅުގަނޑުގެ މިވާހަކަތައް ލޮބުވެތި މަންމައަށް މިބީދައިން ލިޔުނީ އިސްތަފާ އިބްރާހީމް މަނިކު މިސިޓީތައް ކިޔާނެތީ އޭނާލައްވާ ތަކުރާރުކޮށް އަޅުގަނޑު މެންގެހިތުގެ އަޑީގެއަސަރުތައް މިސިޓީތައް މެދުވެރިކޮށް ކިޔުވާށެވެ.

ލޯބިވާދަރިއަކު އޭނާގެލޮބުވެތި މަންމައަކަށް ހިތުގެއެންމެ ފުންމިނުން އަސަރާއެކު ލިޔާސިޓީ ތަކުގައި އިންސާނަކަށް ވިއްޔާ، އަސަރުކުރާނެ ވާހަކަތައް ލިޔެވިފައި ހުންނެތީއެވެ. ރީތިކޮށްލިޔެފައި މިދެސިޓީ ވެސް ޖަލުބަލަހައްޓާ އޮފީހުގައި އިސްކޮށް އުޅުއްވާ ނަސީމާ މިއަދުހަވާލު ކޮށްނިންމީމެވެ.

29 މާރޗް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 462 ވަނަ ދުވަހެވެ. މިރޭވެސް ސިންކުގެ މަސައްކަތް ކުރުންބޭއްވީމެވެ. އިސްކޮށް މިމަސައްކަތުގައި އުޅެނީ ސީދާ އަޅުގަނޑެވެ. ތަށިމުށިޖަހާއި ހުދުސިމެންތިއަޅާ މުޅިން ނިންމާލެވުނީ ފަތިހު ހަތަރެއް ޖެހިފަނުންނެވެ. މިއަދު މޫދަށް ނެރުނެވެ. ރޯދަމަސްވީމާ މޫދަށްދިއުމަށް ނުކުންނަމީހުން ވަރަށްމަދެވެ. އެހެނަސް ނެރޭކޮންމެ ދުވަހަކުވެސް އެންމެފުރަތަމަ މޫދަށްދިއުމަށް އިސްނަގައި ނުކުންނަނީ އަޅުގަނޑެވެ. މިއަދު އަޅުގަނޑާއެކު މޫދަށްދާން ނުކުތީ ނާސިރު އެކަންޏެވެ.

30 މާރޗް 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 463 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާހުވަފެނުން ފެންނަނީ، ޖަވާހިރުވާދީ، އިންޑިޔާ އެމްބަސީއަކަށް ހަދައިގެން އުޅެނިކޮށެވެ. ވަރަށްރީތިކޮށް މިމަންޒަރު ފެނުނެވެ. ޖަވާހިރުވާދީގައި އިންޑިޔާގެ ދިދަނަގާފައި ހުއްޓައެވެ. ފަތިހުހޭލައިގެން މިކަމާވިސްނާލާއި ފިކުރުކޮށް، މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ޚުލާސާކޮށް ނިންމީ، އިންޑިޔާ އެމްބަސީން އަޅުގަނޑުމެންގެ ބަންދާބެހޭގޮތުން ވިސްނުންތަކެއް ގެންގުޅޭކަމަށެވެ.

އަދި އަޅުގަނޑުމެންނާ ބެހޭގޮތުން މައުލޫމާތުތައް ހޯދަނީކަމަށެވެ. އަދި މިކަމުގެ ސަބަބުން އަޅުގަނޑުމެން ސަލާމަތްވުމަށް އިތުރު ދޮރެއްހުޅުވި އިތުރުބާރަކަށް ވާނެކަމަށް ނިންމީމެވެ. މިބުރަށް ބަންދުވުމުގެ ކުރިން އެއްފަހަރަކު ޖަލުންގެއަށް ގެނެސްފައި ހުއްޓާ، އިންޑިޔާ އެމްބަސީގައި އެދުވަސްވަރު މަސައްކަތްކުރެއްވި ޝަރްމާއޭ ކިޔާބޭފުޅަކު އިއުލާނުހުރީމާ ޖަވާހިރުވާދީއަށް ނުވަންނަވަންވެގެން ޖަވާހިރުވާދީ ތެރެއިން އޭރުވަދެވޭ ގޮތަށްހަދާފައި ހުރިފިހާރަ ތެރޭގައި ހުންނަވައިގެން އަޅުގަނޑައި ބައްދަލުކޮށްފައި ވެއެވެ. މިކަމުގައި މެދުވެރިއަކަށް ވަނީ، އަޅުގަނޑުމެންގޭގައި ހުންނަގަރާޖުގައި މަސައްކަތް ކުރުމަށްއުޅޭ ޓެނީޝަނަކާއި ޑްރައިވަރެކެވެ. މިއީ ކުޑަވަރެއްހެ ސިޔާސީ ބައްދަލު ވުމެކެވެ.

31 މާރޗް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 464 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ.

1 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 465 ވަނަ ދުވަހެވެ. މިއަދު ސައްޕެގެ ދައްތަ ސަލްވާ ގާމާދޫޖަލުގައި ސައްޕެއާ ބައްދަލު ކުރިއެވެ. އަދި މިއަދު ސައްޕެއާއި ހަންނާނަށް އެމީހުންގެ ގެއިންކާނާ ފޮނުވިއެވެ.

2 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 466 ވަނަ ދުވަހެވެ. ރޯދަމަސް އިހްޔާކުރުމުގެ ޖަލްސާއެއްގައި ރޭގައި ރައީސް މައުމޫނު އިސްލާމްދީނުގައި ތަގްވާއާއި އިހްސާން ތެރިކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. މިތަގްރީރު އަޅުގަނޑު އަތުގައިއޮންނަ ކުޑަކުޑަރޯޑިޔޯ މެދުވެރިކޮށް އަޑުއެހީމެވެ. މިއަހަރުގެ އެރަސްމިއްޔާތު ނިންމާލެއްވި ރެއަކީމިރެއެވެ. ރޯދަމަސް ނިމުމަކަށް އަންނަނީއެވެ.

3 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 467 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 1412 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ، 29 ވަނަ ދުވަހެވެ. މާދަމާވެގެންދާނީ އުފާވެރިކުޑަޢީދު ދުވަހަށެވެ.

4 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 468 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ފިތުރުޢީދުދުވަހެވެ. ހިޖްރީ ސަނަތުން، 1412 ވަނަ އަހަރެވެ. އަބްދުލް ހަންނާނަށާއި ކެޕްޓަން މުއާޒަށާއި ސައްޕެއަށް އެމީހުންގެ ގެއިންކާނާ ފޮނުވިއެވެ. މިއީ ޖަލުގައި ހޭދަކުރާ ދެވަނަ ފިތުރުޢީދެވެ. ފުރަތަމަ ފިތުރުޢީދު ދިޔައީދޫނިދޫޖަލުގެ ކުޑަގޮޅީގެ ވަޙްޝީއަނދިރި ކަންމަތީގައި ތިއްބައެވެ.

މިއަދުގެ އުފަލުގައި ކުރެވުނު ޚިޔާލުތަކުގެ ތެރޭގައި ރައީސް މައުމޫނަށް ސިޓީއެއް ލިޔަންޚިޔާލު ކުރެވުމުން، އެސިޓީގެ އިބާރާތްތައް ހިތުރެރޭގައި އަތުރާލީމެވެ. ނިންމާލަމުން މިއީކުށްތަކެއް ކަމުގައި ބައްލަވަނީނަމަ، މިކުށްތަކަށް މައާފުކޮށް ދެއްވުމަށް އެދެން ނިންމީމެވެ. މިއީ މިއިބާރާތުން ރައީސް މައުމޫނަށް ސިޓީއެއް ލިޔަންޚިޔާލު ކުރެވުނު ފުރަތަމަ ފަހަރެވެ.

5 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 469 ވަނަ ދުވަހެވެ. މިއަދަކީ ހަރޯދައިގެ ފުރަތަމަ ދުވަހެވެ. މިއަދުގެ ރޯދައަށް މިރޭގެނިދުމުގެ ކުރިންހާރު ކައިގެން ނިޔަތްގަތްއިރު ކުރިޔަށް އޮތްތާގައި ދުނިޔޭގައި ހުރިހާދުވަހަކު ކޮންމެރޯދަމަހެއްގެ ފަހުން ހަރޯދަހިފުމަށް ނިޔަތްގަނެ އެކަންކުރުމުގެ ހިތްވަރު ދެއްވުންއެދި، ﷲއަށް ދުއާކުރީމެވެ.

އަދި ކުރިޔަށް އޮތްއަހަރު ތަކުގައި ކޮންމެއަހަރެއްގެ ހަރޯދަހިފުމަށް އަޒުމް ކަނޑައެޅީމެވެ. މިގޮތުގެމަތިން ޖަލުންފެށިގެން ދާއިމީކޮށް ކުރަންފެށުނު ދެއަޅުކަމަކީ ހަރޯދަހިފުމާއި ކޮންމެ ދުވަހެއްގެ ޟުޙާނަމާދު ކުރުމެވެ. ﷲގެ އިރާދަކުރެއްވުމާއެކު މުޅިއުމުރަށް މިދެއަޅުކަން ކުރުމުގައި ދެމިހުރުމަށް ނިންމީމެވެ. މިއަދު މޫދަށް ދިޔައީ އަޅުގަނޑާއި ވިސާމާއި ޅަރީތިއަހްމަދު އެކަންޏެވެ.

6 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 470 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 1412 ވަނަ އަހަރުގެ ޝައްވާލުމަހުން، 3 ވަނަ ދުވަހެވެ. ހުރީރޯދައަށެވެ. މިރޭ، 12:30 ގައި ޖަލުބަލަ ހައްޓަވަން ހުންނަވާ ނަސީމް މިތާތެރެއަށް ވެންނެވިއެވެ. ވިދާޅުވީ، އަޅުގަނޑާއެކު ވާހަކަދައްކާލާ ހިތުން ވަޑައިގެންނެވީ ކަމަށެވެ. ފުރަތަމަދިމާވީ ވެސް އަޅުގަނޑާއެވެ.

އެންމެގިނަވާހަކަ ދެއްކީވެސް އަޅުގަނޑާއެވެ. އޭނާވަނީ އަޅުގަނޑުގެ ގާތްރަށްޓެއްސަކަށް ވެފައެވެ. މޫދަށްދާން ބޭނުންވާ އެންމެން އެކުގައި މޫދަށް ނެރެދޭން އެއްބަސް ވެލެއްވިއެވެ. މިގޮތަށް ހަމަޖައްސައިދޭން އަޅުގަނޑު އެދުނީ، ބޮޑަށް މަޖާވާނީ މިގޮތަށް އޮތުމުންކަމަށް ވާތީއެވެ. އަދި އެންމެން އުކުގައި ނުކުމެ ވޮލީނަމަވެސް ކުޅިވަރެއް ކުޅެލާން ހުއްދައަކަށް ވެސް އެދުނީމެވެ. މިކަންވެސް ކޮށްދެއްވާނެ ކަމަށް ނަސީމް ވިދާޅުވިއެވެ.

7 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 471 ވަނަ ދުވަހެވެ. މިއަދަކީ ޝައްވާލުމަހުން، 4 ވަނަ ދުވަހެވެ. ހަރޯދައިން ތިންވަނަ ރޯދަދުވަހެވެ. މިއަދު ރައީސް މައުމޫނުގެ އަތްޕުޅަށް ޖަހާފައި ރިޔާސީގަނޑުވަރު ތީމުގެއަށް އެޑްރެސްކޮށް ސިޓީއެއްލިޔެ ޖަލުއޮފީހައި ހަވާލުކުރީމެވެ. މިސިޓީހަވާލުކުރީ އޮފީހުގައި ހުންނަވާ ނަސީމާއެވެ. މިއަދު މޫދަށް ގެންދިޔައެވެ. އޮތީހުޅުވިފައެވެ. ބޭނުންވާ މީހަކަށް މޫދަށް ނުކުމެވޭ ގޮތަށެވެ.

އެހެނަސް މޫދަށް ދިޔައީ އަޅުގަނޑާއި ނާސިރާއި ޅަރީތިރަޝީދާއި ވިންޓަރާ، މިހަތަރުމީހުން އެކަންޏެވެ. މިއަދުލިބުނު ޚަބަރެއްބުނާ ގޮތުގައި އަންނިއާއި ހަންދުއާއި ބިގޭއަށް އަދިހުކުމް ނީއްވައެވެ. އެހެނަސް މިހާރުބާކީއޮތީ ހުކުމްއިއްވުން އެކަންޏެވެ. ޝަރީޢަތުގެ އަޑުއެހުންތައް ވަނީ ނިމިފައެވެ. މިއަދު ސައްޕެ މާލެގެންދިޔައެވެ. އަންނިގެ މައްޗަށް ކުރާދައުވާގެ ހެކިބަހެއްގެ ބަޔާނުގައި ސޮއިކުރުވާށެވެ.

8 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 472 ވަނަ ދުވަހެވެ. މިއަދު ރަންކޮކާ ރަޝީދާއި ގަހޭއާއި އޮފީހުން ކާތިބަކު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މަހަކު އެއްފަހަރު ޖަވާހިރުވާދީ އިބުރޭއާ، ބައްދަލުވެވޭގޮތަށް ހަމަޖައްސައި ދެއްވިއެވެ. އިބުރޭ އަދިވެސް ހުންނަނީ، ގާމާދޫގެ ޖަލުގައި ހުންނަބޮޑެތި ގޮޅިތަކުން ގޮޅިއެއްގައެވެ. ރަޝީދު ވިދާޅުވީ، މިކަންތައް މިހާރުވާނީ އޮފީހުގައި ހުންނަވާ ނަސީމަށް ކުރިޔަށް ގެންގޮސްދެއްވުމަށް އަންގާފައެވެ.

ގެއިންބޭނުންވާ ބައެއްތަކެތި ޖަލަށް ގެނައުމުގެ ހުއްދަ ދެއްވިދާނެކަމަށް ވެސް ރަޝީދުވިދާޅުވެ ދެއްވިއެވެ. ރަޝީދު ޖަވާހިރުވާދީއަށް ފޯނުކޮށް ލެއްވުމުން ގެއިން، އިލްހާމް (ދޮންދައްތަ) ފުރައިގެން ދިޔަވާހަކަ ބުނިކަމަށް ވިދާޅުވި ޚަބަރުދެއްވިއެވެ. އަދި މިއަދު ގެއިން، ސިޓީއެއްވެސް ފޮނުވާފައި ޕްރިސަންސްގައި އެބައޮތް ކަމަށް ވިދާޅުވެ ދެއްވިއެވެ. މާދަމާ ނުވަތަ އަނެއްދުވަހު އަޅުގަނޑަށް ފޮނުވާލަ ދެއްވާނެކަމަށް ރަޝީދު ވިދާޅުވެ ދެއްވިއެވެ.

ގެއިން ސައިބޯނެމަގަކާއި ބަތްކާތައްޓަކާއި އަޅުގަނޑު ކާންގެންގުޅޭ ޚާއްސައޫ، ޖަލަށް ގެނެވޭގޮތަށް ހަމަޖެހިއްޖެވާ ހަކަވެސް ވިދާޅުވެ ދެއްވިއެވެ. އަދި ރައީސް އަރިހަށް އަޅުގަނޑު ފޮނުވިސިޓީ އެއޮތްގޮތަށް އެހެންސިޓީ އުރައަކަލާފައި ރައީސް މައުމޫނު އަރިހަށް ފޮނުވައި ދެއްވިވާހަކަ ވެސް ވިދާޅުވެ ދެއްވިއެވެ. މިއަދު އިރުއޮއްސި ނުވައެއްޖަހާ އެހާކަންހާއިރު، ޖަލުއޮފީހުން މީހަކުއައިސް މަގަކާއި ބަތްކާތައްޓަކާއި އަޅުގަނޑު ކެއުމަށްގޭގައި ބޭނުންކުރަމުން ގެންދާއޫ ގެނެސް އަޅުގަނޑާ ހަވާލުކުރިއެވެ. މިއަދު ވަރަށްގިނަ ކަންތައްތައް ހަމަޖެހި ގެއިންބައެއް ސާމާނުލިބުމުން ވަރަށް އުފާވި ދުވަހެކެވެ.

9 އޭޕްރިލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 473 ވަނަ ދުވަހެވެ. މައަދު މެންދުރެއްހާއިރު އޮފީހުން މީހަކުއައިސް އަޅުގަނޑު އަތުގައި ގެއިންފޮނުވާފައިވާ ރޭޑިޔޯއެއް އޮވޭތޯސުވާލު ކުރިއެވެ. ނޯވޭދެންނެވުމުން އެންމެރަނގަޅޭ ކިޔާފައި އޭނާހިގައްޖެއެވެ. ދެން ވަކިޚަބަރެއް ނުވެއެވެ. ހީވަނީ ގެއިން ރޭޑިޔޯއެއް ގެނައުމުގެ ހުއްދަދެއްވަން އުޅުއްވަނީ ހެންނެވެ. މިކަންތައް ވެސް ކޮށްދެއްވާނެކަމަށް ރަންކޮކާ ރަޝީދުވަނީ ވިދާޅުވެފައެވެ.

10 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 474 ވަނަ ދުވަހެވެ. ވިންޓަރު ޝަރީފު އެދިގެން އޭނާގެ ނިމިފައިވާ ދެމައްސަލަ ހައިކޯޓަށް ލުމަށްބޭނުންވާ ފޯމްތައް މިއަދުއޭނާއަށް ލިބުނެވެ. އަދި ދަށުކޯޓުން ނިމިފައިވާ އޭނާގެމައްސަލަ ނިމުނުގޮތުގެ ރިޕޯޓުވެސް މިއަދު އޭނާއަށް ލިބުނެވެ. އަޅުގަނޑު މެންގެތެރެއިން އެހެން އެއްވެސްމީހަކު ހައިކޯޓަށް ދާކަށްބޭނުމެއް ނުވެއެވެ. ހުކުމަށް ބަދަލެއް އަންނާނެކަމަށް ނުފެންނާނެތީއެވެ.

ރާއްޖޭގެ ސްޕްރީމްކޯޓަކީ ރައީސް މައުމޫނެވެ. އެންމެމަތީބާރު އޮތީރައީސް މައުމޫނުގެ އަތްޕުޅުގެ ތެރޭގައިކަމުން ހުރިހާކަމެއް ނިމޭނީދަށު ކޯޓުންނިންމާ ގޮތަށްކަން ޔަގީންކުރެވެއެވެ. ދަށުކޯޓުތަކުން ވެސް ބަރާބަރަށް ރައީސްއޮފީހުގެ ލަފާ، ސިޓީލިޔެގެން ހޯދާހަދައެވެ. މިއީ ވިންޓަރުމޮޔަ ކަމުން ކުރާކަމެއްކަމުގައި އަޅުގަނޑުމެން އެންމެންނަށް ގަބޫލުކުރެ ވެއެވެ. އެހެނަސް ވިންޓަރުގެ މިމަސައްކަތުން، ސަރުކާރަށް އުނދަގޫތަކެއް ވާނެއެވެ. އަދި ބޭރުދުނިޔެއަށް މިވާހަކަތައް އިތުރަށް ފެތުރޭނެއެވެ. އެގޮތުން މިއީ ކުރަން ރަނގަޅު ކަމެކެވެ. މިއަދަކީ ޝައްވާލުމަހުން، 7 ވަނަ ދުވަހެވެ. 6 ރޯދަހިފާނިމޭ ދުވަހެވެ. މާދަމާއަކީ ހަރޯދައީދު ދުވަހެވެ.

11 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 475 ވަނަ ދުވަހެވެ. މާލެތެރޭގެ އަލިފާނުގެ މައްސަލާގައި ބަންދުގައި ހުރިއަޒީ މާލެގެންގޮސް ސިފައިންގޭގައި ބައިންދަ ބައިންދާފައި ނާސިރާއެކު މިއަދުގެނައެވެ. ޚަބަރުލިބުނީ، އަނެއްކާވެސް އެންދެރިމާގޭ އައްބާސް އިބްރާހީމާ ބެހޭވާހަކަ ތަކެއް ދައްކައިގެން އެކަންތަކާ ސުވާލުކުރުމަށް މާލެގެންދިޔައި ކަމަށެވެ.

އަޒީބުނަނީ، މާލެތެރޭގައި އަލިފާން ރޯކުރުމުގެ ކަންތައްގަޑަކީ، ކަރިޝްމާ އައްބާސް މެދުވެރިކޮށް، އެންދެރިމާގޭ އައްބާސް އިބުރާހީމް ވިދާޅުވެގެން، ނާސިރާއި ވިސާމާއި އާދިލް މެންލައްވާ އޭނާ ކުރުވިކަމެއް ކަމަށެވެ. ވަރަށްފާޅުގައި މިވާހަކަތައް މިކުދިން އަޅުގަނޑުމެން ކައިރީގައި ޖަލުގައިތިބެގެން ކިޔައިދިނެވެ. މިވާހަކަތައް މިގޮތަށް ބޭޒާރުކުރާ މީހަކީ އަޒީއެވެ. މިވާހަކަތަކަކީ، ތަހުގީގު މަރްހަލާގައި ދެކެވިފައިހުރި ވާހަކަތަކެވެ.

އަދި އަންނިއަށް، 4 އަހަރާއި، 9 މަސްދުވަހަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފި ކަމުގެޚަބަރު ލިބުނެވެ. ހީވަނީ މިކަންހިންގީ ސައްޕެމާލެ ގެންދިޔަ ދުވަސްނޫން އަނެއްދުވަހު ހެންނެވެ. އެއީ ބުދަދުވަހެވެ. މިއަދު ޖަލުއޮފީހުން މީހަކު އައިސް މިރޭ، 10:00 ގައި އިބުރޭ ޖަވާހިރުވާދީއާ ބައްދަލުކުރުވާނެ ކަމަށް އަޅުގަނޑަށް އެންގިއެވެ. ރޭގަނޑުވެ ދިހައެއް ޖެހުމުން އަޅުގަނޑު ބަލާއައީ ނަސީމެވެ. ނަސީމު އަޅުގަނޑު ނެރެގެން ގެންދިޔައީ ޖަލުގެ އުނދޯލިގެއަށެވެ. އެތަނގާއި މޭޒެއް ބަހައްޓާފައި ހުއްޓެވެ. އަދި އެމޭޒުކައިރީގައި އިބުރޭ ބައިންދާފައި އިނެވެ.

އަޅުގަނޑަށް ވަރަށް މިނިވަންކޮށް ބޭނުންގޮތަކަށް ބޭނުންވާހާ ވާހަކައެއް އިބުރޭއާ ދެކެވޭ ގޮތަށްއޮތީ އެއްވެސް ހުރަހެއްނެތި ދޫކޮށްލާފައެވެ. އިބުރޭބުނީ ހުރިހާކަމެއްވެސް ރަނގަޅުކަމަށެވެ. އެންމެން ތިބެނީ އެކުގައިކަމަށެވެ. ދެން ވަކިދަތި ކަމެއްފާހަގައެއް ނުކުރެވޭ ކަމަށެވެ. އިލްޔާސްބެ (އޮމަދޫ އިލްޔާސް) މާލެގެންދިޔަ ވާހަކަބުންޏެވެ. ދޮންދައްތަ ލަންކާއަށް ދުވަސްކޮޅަކަށް ޖައްސާލިވާހަކަ ބުންޏެވެ.

އަދި އެނބުރިމާލެ އަންނާނެކަމަށް ވެސް ބުންޏެވެ. އަދި މިއަދު ފާޒިރާ ބައްދަލުކުރަން އޭނާގެ ބައްޕައާއި ކޮއްކޮ ނާޒިމާ ގާމާދޫޖަލަށް އައެވެ. ބައްދަލުކުރީ އުނދޯލިގޭގައެވެ. ފާޒިރު ބުނިގޮތުގައި އޭނާގެބައްޕަ އޭނާގާތުގައި ބުނުއްވީ، ވަރަށްއަވަހަށް ސަލާމަތްވާނެ ކަމަށެވެ. އަދި ވަރަށްއަވަހަށް މާލެގެންދާނެ ކަމަށެވެ. މިއީ ފާޒިރުގެ ބައްޕަގެ ވާހަކައެވެ.

12 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 476 ވަނަ ދުވަހެވެ. އަޅުގަނޑުމެން ތިބޭބައިގެ ކުރިމަތީފާރުގެ ތިރިންފޫޓެއްގެ އުސްމިނުގައި އެސްލޯނުހޮޅި ބުރިތަކެއް ވަޅުލުމުގެ ހުއްދަދެއްވައިގެން އެމަސައްކަތް މިއަދުކުރީމެވެ. މިކަމާއުޅުނީ މުފީދު (މުފީއްޓޭ) އެވެ. މިއަދުހެދުނު ފުރަތަމަލޯވަޅު އަޅާއިހޮޅިބުރިއެއް ވަޅުލާނިންމާލިއެވެ. މިއީމުފިއްޓޭ މާބޮޑަށް ކުރާހިތުން އުޅޭކަމެކެވެ.

ފަހަތުގައި ކޮންމެވެސް ސިއްރެއް އުޅެނީކަމަށް ވެސްވެދާނެއެވެ. ދޮރުހުޅުވުމެއްނެތި މިލޯވަޅުތަކުން ކުދިޕެކެޓަފަދަ އެއްޗެހި ޕާސްކޮށް ހެދޭނެއެވެ. ޑްރަގާގުޅުންހުރި ކަމަކަށް ވެސް ވެދާނެއެވެ. ޑުރަގުގައި އުޅޭ ކުދިންނަށް މަތިން ވެސް ބޮޑުންގެ އެހީތެރިކަން އޮންނަހެން ހީވެއެވެ. މިއީ އެމީހުންގެ އަމަލުތައް ގެންގުޅޭގޮތުން ހީވާ އެއްޗެކެވެ. ބައެއް ފަހަރު އާދަމް ޒާހިރުމެން ކުރުވާ ކަމެއްކަމާ މެދު ޝައްކު ވެސް ކުރެވެއެވެ. މިކަމުގެ ހުއްދަހޯދަން އުޅެދިނުމަށް އަޅުގަނޑު ކާރީގައި އެދުނީވެސް މުފިއްޓޭއެވެ. މިކަމުގެ ބޭނުމަކަށް އަޅުގަނޑު ދެއްކިބަހަނާއަކީ އިތުރަށް ޖަލުގެތެރެއަށް ވައިވެއްދުމެވެ. މިއީ އަޅުގަނޑުމެން ތިބޭބަޔަށް ތަޒާވައި ވެއްދުމަށްކުރާ މަސައްކަތެކެވެ.

މިއަދުހަވީރު އަޅުގަނޑާ ބައްދަލުކުރުމަށް ގާމާދޫޖަލަށް މަންމައައެވެ. މިބައްދަލުވުން ހިނގީއުނދޯލި ގޭގައެވެ. ފުދޭވަރަކަށް ގިނައިރު ގިނަވާހަކަތައް މަންމަ ދެއްކިއެވެ. ނަސީމު އިންނެވީ އަޅާލުމެއް ނުދެއްވައެވެ. އޮތީވަރަށް މިނިވަން ކަމާއެކު ދޫކޮށްލައްވާފައެވެ. މަންމައާ އެކު އަންދިއާއި ނީޝާނުވެސް އިބުރޭއާ ބައްދަލުކުރަން އައިވާހަކަ މަންމަބުންޏެވެ. މިހާރު އެބައްދަލުވުން ވެސް އެހެންދިމާއެއްގައި ހިނގަމުންދާ ވާހަކަމަންމަ ބުންޏެވެ.

މަންމައައީ ގެއިންވަރަށްގިނަ ކެއުމުގެސާމާނު ހިފައިގެންނެވެ. ފެންކޭހެއްވެސް ގެނެސްދިނެވެ. އަދި ހުއްދަލިބުނީ ދެބޭންޑުގެ ރޭޑިޔޯއެއް ގެންނަންކަމަށް މަންމަގެ ފަރާތުން އޮޅުންފިލިއެވެ. އެހެންވެ މިއަދުމިގެނައީ ދެބޭންޑުގެ ރޭޑިޔޯއެއްކަމަށް މަންމަބުނެދިނެވެ. އެހެނަސް އަޅުގަނޑު ބޭނުންވަނީ، ވާލްޑުބޭންޑުތައް ލިބޭރޭޑިޔޯއެއް ކަމަށް މަންމަގާތުގައި ވެސް ބުނީމެވެ. އަދި ނަސީމު ކައިރީގައިވެސް ބުނީމެވެ.

13 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 477 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ. ނާސިރު މާލެގެންދިޔައެވެ. ހީވަނީ ހޮސްޕިޓަލަށް ހެންނެވެ.

އަލަށް އުފެއްދި ޓެރަރިޒަމް ގާނޫނުގެ ދަށުން އަންނިއަށް ޓެރަރިޒަމްގެ ހުކުމް ކުރުން:

14 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 478 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި ކަރޯއައްބާސް ދަރިފުޅު ރިޝްވާން އައްބާސް އަޅުގަނޑުމެން ތިބޭބަޔަށް ގެނެސް ވެއްދިއެވެ. އޭނާވެއްދީ، 7 ނަންބަރު ކޮޓަރިއަށެވެ. ގެނައީ ދޫނިދޫ ޖަލުންނެވެ. އަންނިއާއި ބިގޭ އަދި ހަންދުގެ ޚަބަރުތައް މުޅިން ރަނގަޅުކަމަށް ރިޝްވާނު ބުނެދިނެވެ. ރިޝްވާނު ބުނެދިންގޮތުގައި އަންނިއަށް އިއްވިހުކުމަކީ އަޅުގަނޑަށް ވެސް އިއްވިހުކުމެވެ. ސަލްޓަންޕާކްގައި ހަންދުމެން ގޮއްވާލި ކަޓޫރަބޮން، ގޮއްވާލިކަން އެނގިހުރެ ނާންގައިގެން އިއްވި ހުކުމެވެ. މުއްދަތަކީ ތިންއަހަރު ދުވަހަށް ޖަލަށްލުމެވެ.

އަދި އިތުރަށް ދިހަމަސް ދުވަސް ޖަލަށްލުމަށް އިއްވިކަމަށް ރިޝްވާނު ބުންޏެވެ. އެއީ އޮސްޓްރޭލިޔާ ރޭޑިޔޯއަށް ޕްރިސަންސްގެ ބެލުމުގެ ދަށުގައި ހުންނަވައިގެން ދެއްވި އިންޓަރވިއޫއަކާ ގުޅިގެން އިއްވިދިހަ މަސްދުވަހުގެ ޖަލުގެ ހުކުމެކެވެ. މިއީ ބަންދުގައި ހުންނަވައިގެން އަންނި ދެއްވި އިންޓަރވިއޫގެ ބަދަލުގައި ކުރިހުކުމެވެ. އެއް ދުވަހައި މެދެހުކުމު އިއްވިކަމަށް ވެއެވެ.

ރިޝްވާނު ފަރާތުން އަންނި އަދިވެސް ހުންނެވީ ދޫނިދޫގައިކަން ސާފުކޮށް އެނގުނެވެ. އަދި އަންނި ހުންނެވީ ތަހުގީގުކުރާ ބައިގައި ހަދާފައި ހުރި ކޮޓަރިއެއްގައި ކަންވެސް އެނގުނެވެ. ހުކުމް އިއްވުމަށްފަހު ކުޑަގޮޅިން ނެރުނީއެވެ. ބިގޭއާއި ހަންދުގެ ހާލުވެސް ރަނގަޅުކަމަށް ރިޝްވާނު ބުނެދިނެވެ. އަދި އެދެމީހުން ހެދުނު، 6 އަކުން ހަވީރު، 6 ކަށް ކުޑަގޮޅިން ބޭރަށް ނުކުމެ އުޅޭވޭގޮތަށް ލުއިދެއްވާފައި ވާކަމަށް ރިޝްވާނުގެ ވާހަކަތަކުން އެނގުނެވެ.

އަދި އެގަޑީގައި ހުންނަނީ ކުޑަގޮޅީގެ ދޮރުހުޅުވާފައެވެ. އެކަމަކު އުޅެންޖެހެނީ އެހިސާބުގައެވެ. ގޮޅިދޫކޮށް މާދުރަށް ނުދެވޭ ގޮތަށެވެ. މިއީ ހުކުމް އިއްވުމުންދޭ ލުޔެކެވެ. މިހެންހަދަނީ ބޭރުދުނިޔެއިން ނުވަތަ އާއިލާއިން ސުވާލުކޮށްފިއްޔާ މިހާރު ހުންނަނީ، ވަކިންބަންދުކޮށް ކުޑަގޮޅިޔަށް ލާފައިނޫންކަމަށް ބުނުމަށް ކުރާކަމެކެވެ.

15 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 479 ވަނަ ދުވަހެވެ. މޫދަށް ނެރުނެވެ. ދެން އިތުރުޚާއްސަ ކަމެއް ނުހިނގައެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެންދިޔަ ދުވަހެކެވެ.

16 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 480 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ސައްޕެއާ ދެމީހުން ގޭގެމީހުން ގާމާދޫއަށް އެދެމީހުންނާ ބައްދަލުކުރުމަށް އައެވެ. މިކަންހިނގީ އުނދޯލިގޭގައެވެ. ހަންނާނުގެ ބައްޕަ ވައިތިޔޮ އަބޫބަކުރު އެންދެރިމާގޭ އައްބާހަށް ދަންނަވައިގެން ސިޓީއެއްލައިގެން ހަންނާނު ވަރަށް އަވަހަށް މާލެ ގެންދާނެކަމަށް އޭނާގެބައްޕަ އޭނާގާތުގައި މިއަދު ބުނެދެއްވިއެވެ. އަދި ވަރަށް އަވަހަށް މާލެގެންގޮސް ދޫކޮށްލާނެ ކަމަށް ހަންނާނުގެބައްޕަ އޭނާގާތުގައި މިއަދުގެ ބައްދަލުމުވުގައި ބުނެދެއްވިއެވެ.

17 އޭޕްރިލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 481 ވަނަ ދުވަހެވެ. ހެދުނުސަޔަށްފަހު ނިދާފައިއޮއްވާ ފެނުނު ހުވަފެނަކީ، މާލެގޮސް ހޮސްޕިޓަލަށް ދިއުމުގެ މަގުމަތީގައި ގޯގޯލަފީފުގެ އަންހެނުން ކުޑަކުއްޖެއް ގޮވައިގެން ވޭނެއްގައި ދަނިކޮށް އަޅުގަނޑަށް ފެނުމުން ތަންބްސްއަޕް ހަދާލާފައި ކިހިނެތްތޯ ހާލުއަހާލިމަންޒަރު، ޕްރިސންސްގައި އުޅުއްވާ ރަންކޮކާރަޝީދަށް ފެނިގެން އެމައްސަލަ ޖެހިގެން ހަމައެވަގުތު އަޅުގަނޑު މަޑުކޮށް އެސުވާލުކުރައްވައި އެތަހުގީގު ކުރައްވާތަނެވެ.

އެކަންތައް ބޮޑުމައްސަލައަކަށް ހައްދަވައިގެން ރަންކޮކާރަޝީދު އަޅުގަނޑާގިނަ ސުވާލުތަކެއް ކުރާމަންޒަރެވެ. ރަޝީދު، ބޮޑުކަންތައް ގަނޑެއްގެ ގޮތުގައި މިތަހުގީގު ކުރައްވާތަނެވެ. މިކަން ބުރެވިމާގޭ މުހަންމަދު ޒާހިރަށް އެނގިވަޑައި ގަންނަވައިގެން އަޅުގަނޑާ އެހާބޮޑަށް ސުވާލު ނުކުރުމަށާއި އެކަމަކީ، ބޮޑުކަމަކަށް ނުހެއްދެވުމަށް ރަންކޮކާ ރަޝީދަށް، ޒާހިރު ދަންނަވައިގެން އުޅޭމަންޒަރެވެ.

އަދި އެހެންގެއެއްގެ ތެރޭގައި އަޅުގަނޑު އިނދެގެން މަޖަލަށް ދެއްކިވާހަކަތަކެއް ކޮންމެވެސް މީހަކުޝަކުވާކޮށް ޕްރިސަންސަށް ލިޔެގެން އެކަމާވެސް ރަޝީދު ސުވާލުކުރައްވަމުން ގެންދަވާތަން ފެނުނެވެ. މިކަންތައްގަނޑު ނިމިގެން ގެއަށްދަނިކޮށް ހޭލެވުނީއެވެ. މިހުވަފެނުގެ ތައުބީރު ވަރަށް ގިނަގޮތްގޮތަށް ކުރެވުނެވެ.

1- ރަންކޮކާ މެންނަށް ޕްރިސަންސަށް އަޅުގަނޑު މެންނާ ގުޅޭ ވަރަށް ގިނަޝަކްވާތައް ލިޔާމީހުން ޖަލުތެރޭގައި އުޅޭކަމެވެ. ޚައްސަކޮށް އަންނިއާއި އަޅުގަނޑުގެ ޝަކުވާތައް ލިޔާމީހުން ތިބޭކަން ފާހަގަ ކުރެވުނެވެ.

2- ބުރެވިމާގޭ މުހަންމަދު ޒާހިރު އަޅުގަނޑު މެންނާ ދޭތެރޭގައި ހަމްދަރުދީ ގެންގުޅޭކަމާއި އަޅުގަނޑުގެ މަތިން އެބޭފުޅާ ހަނދާން ކުރައްވާކަން ފާހަގަ ކުރެވުނެވެ. އަދި ދިގުޒާހިރު ގެންގުޅުއްވާ ދައުލަތުގެ ކާރުއަންދާލި ނާސިރާއި ވިސާމް ތެތްއަތާ ހިފެންދެން، އެކަމުގެ ތުހުމަތުތައް ވެސް ބިންބިފޯހުން އަޅުވާފައިވަނީ، އަޅުގަނޑުމެންގެ ބޮލުގައެވެ. މާލެ ތެރޭގައި ވަނީ އެއަޑު އުފުލާފައެވެ. ޒާހިރަށް މިކަމުގެ ހަގީގަތް މިހާރު އެނގިލެއްވީމާ ހަމްދަރުދީ އުފެދުނީކަން ފާހަގަ ކުރެވުނެވެ.

މިއަދުގެ މިހުވަފެން ފެނުނީ، ހެނދުނު ދިހައަކާއި އެގާރައާދޭތެރޭ ގައެވެ. މިހުވަފެނާ ގުޅިގެން މިއަދުމިކަމާ ވަރަށް ބޮޑަށް ވިސްނުން ގެންގުޅެވުނެވެ. 1990 ވަނަ އަހަރުތެރޭގައި ސަރުކާރުން ވާގިވެރިވެގެން ސިފައިންގެ އެހީތެރިކަމާއެކު މާލެތެރެ ފަސާދަކޮށް ގަޑުބަޑު އުފެއްދުމުގައި ހަރަކާތްތެރިވި ބިންބިފޯހުން މާލެ ތެރޭގައި ހިންގި ނުބައިނުލަފާ ފަސާދަތަކުގެ ހަގީގީބޭނުމަކީ، ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އަޅުގަނޑުމެން އަމަލީގޮތުން ހަރަކާތްތެރިވި މީހުންގެ ބޮލުގައި އެތުހުމަތުތައް އެޅުވުމަށް ފަހު، ޓެރަރިޒަމްގެ ބޮޑެތި ބަދުނާމު ތަކެއްގެ ތުހުމަތު އަޅުވައިގެން އަޅުގަނޑުމެންގެ މައްޗަށް ޝަރުޢީ ބޮޑެތި ހުކުމްތަކެއް އިއްވާއި މުޅިއުމުރަށް ޖަލަށްލާއި މުޅި ހަޔާތް ހަލާކުކޮށް ލުމެވެ.

އަޅުގަނޑުމެންގެ ދުވަސްދުއްވާލުމެވެ. ބުއްދިދުއްވާލާއި ސިޔާސީގޮތުން ނުކުޅެދޭ މީހުންނަށް ހަދާލުމެވެ. އެހެނަސް، ﷲގެ އިރާދަފުޅާއި ކުޅަދުންވަންތަކަމުން، އެކަންއެގޮތަށް ކާމިޔާބު ވާގޮތްނުވީ، މާލެތެރޭގައި އަލިފާންރޯކޮށް ފަސާދަކުރި މީހުންތައް ތެތްއަތާ އެކު، ފުރިހަމަހެއްކާއި ގަރީނާއާއެކު އަތުލައި ގަނެވުމުންނެވެ. އެކަންކުރި މީހުންލައްވާ އެކަންތައް ރާވައިގެން ކުރުވާފައި ސަރުކާރުން އުޅުނީ، ބިންބިފޯސް މެދުވެރިކޮށް އެކަންތައްގަނޑު އިސްލާހީ ހަރަކާތުގައި އުޅުނު އަޅުގަނޑުމެންގެ ބޮލުގައި އަޅުވާށެވެ.

މާލެތެރޭގައި އެދުވަސްވަރު ހަރަކާތްތެރިވި ބިންބިފޯހުގެ މިހަރަކާތްތައް ދިރާސާކޮށް ތަހުގީގީރިޕޯޓެއް އެކުލަވާލާނެ ތާރީޚީފަރާތެއް އުފެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ދިވެހިތާރީޚަށްޓަކާ މިދިރާސާ ހަދާނެ ކިޔަވާކުދިބައެއް ނަމަވެސް ނުކުންނަން އެބަޖެހެއެވެ. އަޅުގަނޑުގެ މިވާހަކަތަކުން އެފަދަ ދަރިވަރުންނަށް ކޮންމެވެސް މިންވަރެއް ލިބިގެން ދާނެއެވެ.

18 އޭޕްރިލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 482 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. އެހެން ޚާއްސަކަމެއް ނުހިނގައެވެ.

19 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 483 ވަނަ ދުވަހެވެ. މިއަދު ވިސާމު މާލެގެންދިޔައެވެ. ހީރޯގެ މައްސަލާގައި  ކޯޓުންނެގި ހެކިބަހުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. މިއަދު އެހެންކަމެއް ނުހިނގައެވެ.

20 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 484 ވަނަ ދުވަހެވެ. ސައްޕެ މާލެގެންދިޔައެވެ. ދަތެއްގައި ރިއްސާތީ ހޮސްޕިޓަލަށެވެ. ޑެންޓިސްޓެއްގެ ކާރިއަށެވެ.

21 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 485 ވަނަ ދުވަހެވެ. މިއަދަކީ ސަރުކާރު ރަސްމީބަންދު ދުވަހެއްކަން އެނގުނެވެ. އަދި މިއަދަކީ ދިވެހި ސިފައިންނަށް، 100 އަހަރު ފުރޭދުވަހެވެ. ދިވެހިރާއްޖޭގައި ސިފައިން އުފެދުނުތާ ސަތޭކަ އަހަރުފުރޭ ދުވަހެވެ. މިކަންފާހަގަ ކުރުމުގެ ގޮތުން، ރަސްމީކޮށް ދަރުބާރުގޭގައި ފުރަދާނަ ޖަލްސާއެއް މިއަދު ބޭއްވުނެވެ.

މިޖަލްސާ އަޅުގަނޑު އަތުގައި އޮތްރޭޑިޔޯއިން އަޑުއެހީމެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ. ވަރަށްގިނަ އޮފިސަރުންނަށް ޕްރޮމޯޝަންދެއްވާއި މެޑެލްއާއިމަޚްމާ ޝަރަފު ރުއްވިއެވެ. މީގެތެރޭގައި ޝައުކަތު، ޓޫޓޫޒާހިރު، އާދަމްޒާހިރު، ކާށިދޫ ހުސައިންފުޅު (ބިންބިފޯސްލީޑު ކޮށްދެއްވި ބޭފުޅާ) އަންބަރީ،  އަދި މޫސާޖަލީލު ހިމެނެއެވެ. މޫސާޖަލީލު ފިޔަވާ މިދެންނެވި ހުރިހާ އޮފިސަރުންނަށް ކާނަލްކަމުގެ މަޚްމާގަނޑު ދެއްވިއެވެ.

އަދި މޫސާ އަލީޖަލީލަށް ލެފްޓިނެންޓް ކާނަލްކަން ދެއްވިއެވެ. ޖަލުގައި އުޅުއްވާ ސީނުކަރަންކާ ނާޒިމަށް ސާޖެންޓްކަން ދެއްވިއެވެ. ނާޒިމަކީ ސިޔާސީ ވާހަކައަށް އިސްކަން ދޭމީހެކެވެ. އަޅުގަނޑައި ރައްޓެއްސެވެ. އަދި އެއްވެސް ކުށެއްނުކޮށް ސިފައިގެއިން ވަކިވެފައި ތިއްބެވި، ބޭފުޅުންނަށް ޝަރަފާއި ލަގަބުން އިއްޒަތް ދެއްވުންއޮތެވެ. ދެން އެއަށްފަހު، އެންމެހާ ދިވެހި ސިފައިންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން އަލަށް އެރުވުނު އެލަގަބުތަކުން އެމީހުންނާ މުޚާޠަބު ކުރުމުގެ ހުއްދަވެސް ދެއްވިއެވެ.

22 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 486 ވަނަ ދުވަހެވެ. މިއަދު ރަންކޮކާ ރަޝީދާއި ޖަލުއޮފީހާ ހަވާލުވެގެން ހުންނަވާ ނަސީމާއި އޮފީހުގެކާތިބަކު ޖަލުގެ މިބަޔަށް ވެންނެވިއެވެ. އަޅުގަނޑުމެންގެ ހާލުބަލާލަން ވެންނެވީއެވެ. ވަކިޚާއްސަކަމެއް ނުކުރައްވައެވެ. އަޅުގަނޑައި، ރަޝީދު ވަރަށް ގިނައިންވާހަކަ ދެއްކެވިއެވެ. ގޭގެމީހުން ރަނގަޅުކަމަށް ވިދާޅުވިއެވެ. އަދި ކަމެއް ބޭނުންނަމަ ސިޓީއެއްލުމަށް ވިދާޅުވިއެވެ.

23 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 487 ވަނަ ދުވަހެވެ. މިއަދު ރަޣީބުއަލީ އޭނާގެ އަންހެނުންނާ ބައްދަލުކުރިއެވެ. ރަޣީބަކީ، ތ.އަތޮޅު ގާދީއްފުށީ ބޭފުޅެކެވެ. އަޅުގަނޑު މެންގެ އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އޭނާގެ ފެންވަރުގައި ބައިވެރިވި މީހެކެވެ.

24 އޭޕްރީލް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 488 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވަރަށްބޯކޮށް ވާރޭވެހުނު ދުވަހެކެވެ. މެންދުރެއްހާއިރު ފެށިގޮތަށް ހުއްޓާލީ ޢިޝާނަމާދަށް ފަހުގައެވެ. ހަމަވެހިވެހި އޮތީއެވެ.

25 އޭޕްރީލް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 489 ވަނަ ދުވަހެވެ. ނާސިރާއި މުފިއްޓޭ މިއަދުމާލެ ގެންދިޔައެވެ. ނާސިރު ކޯޓަށެވެ. މުފިއްޓޭ ހޮސްޕިޓަލަށެވެ. އަދި މިއަދު ކެޕްޓަން މުއާޒު އޭނާގެ ގޭގެމީހުންނާ ބައްދަލުކުރިއެވެ. އަދި މިއަދު ހަވީރު ޖަލުގެ މިސަރައްދަށް ގަނޫރޯޅިއެއްގެ އަސަރުކުރިއެވެ. މިރަށަށް ލައްވާލީ ނަގޫރޯޅީގެ އަރިމަތިން ކުޑަމިންވަރެކެވެ. މާބޮޑުގެއްލުންތަކެއް ނުވެއެވެ.

ވައިރޯޅިޔާއެކު ކުނިބުނިތަކާއި ކަރުދާސްތަކާއި ގޯނިފަދަ ކުނިބުންޏާއި ހިއްކަންއަޅާފައިހުރި ހެދުންފަދަ ތަކެތިވަޔާއެކުގައި އެނބުރެމުން ސެނބުރެމުން މައްޗަށް އަރައިގެންދާތަން ފެނުނެވެ. ބައެއްގޭގެ ދޮރުތަކުގެ ބިއްލޫރިތެޅި ބައެއްގޭގެ ޓިނުތައް އުކާލިޚަބަރު ފަހުން ލިބުނެވެ. އެހެނަސް އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ޖަލުތެރޭގެ އެއްވެސް އެއްޗަކަށް ތަނަކަށް ގެއްލުމެއް ނުވެއެވެ. މިމަންޒަރު ވަރަށްރީއްޗަށް އަޅުގަނޑުމެން އެންމެންނަށް ފެނުނެވެ.

26 އޭޕްރީލް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 490 ވަނަ ދުވަހެވެ. މިއަދުގެއިން، 5 އޭޕްރީލް ގައިލިޔެ ޕްރިސަންސާއި ހަވާލުކޮށްފައިވާ ސިޓީއެއް ލިބުނެވެ. މިއީގެއިން އަޅުގަނޑަށް ފޮނުވިސިޓީ އެކެވެ. ގޭގެހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ލިޔެފައި އޮތެވެ. މާމަގެ ހާލުވެސް ރަނގަޅެވެ.

27 އޭޕްރީލް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 491 ވަނަ ދުވަހެވެ. މިއަދުވެހުނު ވާރޭގައި އަޅުގަނޑުމެން ތިބޭބައިގައި ބެހެއްޓި ތާނގީއަށް ވާރޭފެން ނެގީމެވެ. ދޮވެސާފުކުރުމަށް ފަހުހޮޅިއެއް ގުޅައިގެންނެވެ. މިއަދު ސައްޕެ ދަތުގެޑޮކްޓަރަކަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. މިއަދުންފެށިގެން މިތާނގެމައި ދޮރާށި އަނެއްކާވެސް ތަޅުލަން ފަށައިފިއެވެ. ވަކިޚާއްސަ ސަބަބެއް ނާންގައެވެ.

ޖަލުތެރޭގެ ސެކިއުރިޓީއާ ގުޅޭކަމަކަށް ވުންއެކަށީގެން ވެއެވެ. މިއީ އެހެން އުޅެލާފާ ދޭތެރެއަކުން ކޮށްއުޅޭ ކަމެކެވެ. އެހެންއުޅެލާފައި އަނެއްކާވެސް މިސްކިތަށްގޮސް އައިސްވެވޭ ގޮތަށް ދޮރުހުޅުވާލަ ދެއްވަނީއެވެ. މިދޮރުގިނައިން ހުންނަނީ ހުޅުވާފައެވެ. އެހެނަސް އަބަދުވެސް ބޭރުގައި ޑިއުޓީއަށް މީހަކު ހުރެއެވެ. އަބަދުވެސް އެސަރަހައްދަކީ ޑިއުޓީމަރައިގެން ބަލަހައްޓާ އޭރިޔާއެކެވެ.

28 އޭޕްރީލް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 492 ވަނަ ދުވަހެވެ. ޅަރީތި އަހްމަދާއި އަލިފާނާ ބެހޭ ކާދޫއިބުރޭ މާލެ ގެންދިޔައެވެ. މިއަދާހަމައަށް ގެއަށްސިޓީ ލިޔުނުތާ އެއްމަސްވީއެވެ. އަދިޚަބަރެއް ނުވެއެވެ. ބައެއްފަހަރު ގެއަށް ފޮނުވާސިޓީ ގެއަށް ރައްދުވެފައި ހުންނަނީ، ވަރަށްލަސް ކޮށްފައެވެ. އަނެއްބައި ފަހަރު އަވަހަށްވެސް މިކަންހިނގާފައި ހުންނަކަން ފާހަގަވެފައި އެބަހުއްޓެވެ.

29 އޭޕްރީލް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 493 ވަނަ ދުވަހެވެ. މިއަދު އިސްތަފާ އިބްރާހީމް މަނިކާއި އާދަމްޒާހިރާއި އައްޝައިޚް ހުސައިން ޔޫސުފާއި ޚާއްސަގާޒީ އަހްމަދު މުހަންމަދާއި އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދު (އަޅުގަނޑުމެންނަށް ހުކުމް އިއްވިގާޒީ) އާއި ގާޒީ ޔޫސުފްމޫސާއާއި އަދިވެސް އިތުރުގާޒީއަކާއި ރަންކޮކާ މުހަންމަދު ރަޝީދާއި ގަސް އިބްރާހީމް މަނިކާއި ޖަލުގެ އޮފީސް ބަލަހައްޓާ ނަސީމާއި ސިފައިންގެ ތެރެއިން ސީނުކަރަންކާ ނާޒިމާއި ސިފައިންގެ ތެރެއިން ފަލްކަން އާއި ސިފައިންގެ ތެރެއިން ނާސިހް (ޖަލުމީހުން ކިޔާއުޅެނީ ކެންބޯ) އާއި މިއެންމެން އަޅުގަނޑުމެން ތިބޭބަޔަށް ޒިޔާރަތް ކުރެއްވިއެވެ.

ހުރިހާ ގައިދީންގެ ހާލުވަކިވަކިން އައްސަވާ ހެއްދެވިއެވެ. ވަރަށް ގިނަވާހަކަތައް ދެއްކެވިއެވެ. އަދި އިމާރާތުގެ ބައެއްތަންތަކާއި އަޅުގަނޑުމެން، އެބޭފުޅުންނައި ވާހަކަ ދައްކަމުން ގެންދިޔަ މަންޒަރުތައް ފޮޓޯނަގާ ހެއްދެވިއެވެ. ހީވަނީ ބޭރުގެފަރާތްތަކަށް މިޚަބަރުގެފޮޓޯތައް ދައްކަންވެގެން ކުރެއްވި ކަމެއްހެންނެވެ. ލަފާކުރެވެނީ މިހާބޮޑުޓީމެއް ޖަލަށް ޒިޔާރަތްކުރަން މިޖެހުނީ ބައިނަލްއަގްވާމީ މުޖްތަމަޢުގެ އިސްފަރާތްތަކުން ރާއްޖޭގެ ޖަލުގެ ހާލަތްތައް މޮނިޓަރކުރަމުން ގެންދާތީއެވެ.

އަޅުގަނޑުމެންނާ ބެހޭގޮތުން އެފަރާތްތަކުން ސުވާލުކޮށް ބަލަމުންގެންދާކަން އަޅުގަނޑު މެންނަށްވަނީ އެނގިފައެވެ. ބައެއްފަރާތް ތަކުން ސީދާ އަޅުގަނޑުމެންގެ ނަމުގައި އަޅުގަނޑުމެންނަށް އެޑްރެސްކޮށް ފޮނުވާފައި ހުންނަކާރޑުތަކާއި ސިޓީތައް އިސްތަފާ ޗެކު ކުރެއްވުމަށްފަހު އަޅުގަނޑުމެންނަށް ރައްދުކޮށް ދެއްވާފައި ވެސް އެބަހުއްޓެވެ. އޭގެކާޑްތަކާއި ވާހަކަފޮތްތައް މިހާރުވެސް އަޅުގަނޑު އަތުގައި ފޮރުވާފައި އެބަހުއްޓެވެ.

މިދުވަސްވަރު އިނގިރޭސި ވިލާތުގެ ޕެން އިންޓެނެޝަނަލުން އެޖަމްއިއްޔާގެ ޝަރަފުވެރި މެންބަރުންގެ ގޮތުގައި އަޅުގަނޑައި އަންނިއާ ދެމީހުން އައްޔަންކުރުމަށް ފަހު، ފޮނުވި ލިޔުން މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. މިތަކެތި ސްކޭންކޮށްފައި އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކްގައި އޮންނަ އަޅުގަނޑުގެ އެކައުންޓަށް ލާނަމެވެ. މިބުރުގައި އަޅުގަނޑުމެން ޖަލުގައި ތިބިއިރު ބައިނަލްއަގްވާމީ މުޖްތަމަޢުން އަޅުގަނޑުމެންނާ ވަރަށްބޮޑަށް އަޅާލުން ބޭއްވިކަން އެބޭފުޅުންގެ އެކިލިޔުންތަކުންނާއި ރިޕޯޓުތަކުން ސާބިތުވާން އެބަހުއްޓެވެ.

އިނގިރޭސިޕެން އިންފޮނުވި ކާޑު

30 އޭޕްރީލް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 494 ވަނަ ދުވަހެވެ. މިއަދު އާދިލް މާލެގެންދިޔައެވެ. މުނިސްޕަލްޓީގެ ކަމެއްގައި އޭނާގޭގެ މައްސަލައަކާ ގުޅިގެންނެވެ. ސައްޕެއާއި ރިޝްވާނާ ދެމީހުންގެ ގޭގެމީހުން އެދެމީހުންނާ ބައްދަލުވުމަށް މިއަދު ޖަލަށް ޒިޔާރަތް ކުރިއެވެ. ވަކިޚާއްސަ ވާހަކައެއް ނެތެވެ. ރިޝްވާނާ ބައްދަލުކުރީ އޭނާގެ މަންމައެވެ.

1 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 495 ވަނަ ދުވަހެވެ. ރޭގަނޑު އެގާރަޖަހާ އެހާކަންހާއިރު ޖަލުގެ އޮފީސް ބަލަހައްޓާ ނަސީމް މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. މުޅިންވެސް ވާހަކަދެއްކެވީ އަޅުގަނޑާއެވެ. ދަމުންދިޔައީ އަޅުގަނޑަށް ކޯކުދަޅެއްދީފައެވެ. މީނާއަކީ އަބަދުވެސް އަޅުގަނޑު ފެނުނީއްސުރެ އަޅުގަނޑާ ޚާއްސަގުޅުމެއް ބާއްވަވާ ހިތްހެޔޮ ބޭފުޅެކެވެ. އަދި މީނާދަމުން ދިޔައީ މިބައިގެ ބޮޑުދޮރާށި ހުޅުވައިދީފައެވެ. އަދި އޭގެފަހުން އަނެއްކާވެސް އެދޮރާށި ތަޅުލުން ހުއްޓުނީއެވެ.

2 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 496 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މިހާރަކަށް އައިސްފޫހި ވަންދެން މޫދުގައި އުޅެވެއެވެ. ގަވައިދުން މޫދަށްދާ މީހަކީ އަޅުގަނޑު އެކަންޏެވެ. މިއަދު ގެއަށް ސިޓީއެއް ލިޔެފައި ޖަލުއޮފީހާ ފޮނުވާލަދިނުން އެދި ހަވާލުކުރީމެވެ. މިއަދު ހަވީރު ވަގުތެއްގައި ޖަލުގެ އުނދޯލިގެއަށް އަޅުގަނޑު ނެރުނެވެ. އެތާނގައި މޭޒެއް ބަހައްޓަވައިގެން ތިއްބެވީ، އިސްތަފާ އިބްރާހީމް މަނިކާއި ރަންކޮކާ ރަޝީދައި، އަދިވެސް އިތުރުކާތިބެކެވެ.

މިތަންފެނުމުން މިއީ އަޅުގަނޑާ ސުވާލުތަކެއް ކުރުމަށް އުފައްދާފައިވާ ދަރުބާރެއްކަން ޔަގީންކުރެ ވިއްޖެއެވެ. އަޅުގަނޑު އެތާގައިހުސްކޮށް ހުރިގޮނޑީގައި ބޭންދުމަށް ފަހު، އިސްތަފާ ކުރެއްވި ސުވާލަކީ މިތާޖަލުގައި ހުރެގެން މީހެއްގެއަތުގައި ގެއަށް (ޖަވާހިރުވާދީއަށް) ސިޓީއެއް ސިއްރުން ފޮނުވިން ތޯއެވެ؟ ވިސްނާލާފައި ދަންނަވަންޖެހުނީ އާދޭހެވެ. ތެދެކެވެ. ފޮނުވީމެވެ. އަޅުގަނޑާއެކު ކޮޓަރީގައި ހުންނަ އަބްދުއްރައްޒާގު ގެއަށްސިޓީއެއް ފޮނުވަންބޭނުމިއްޔާ ލިޔެލާފައިދޭށޭ ބުނީމާ އަޅުގަނޑު އެއްގަނޑުގެ ކުރުކުރުސިޓިއެއް ހަދާލާފައި އޭނައަތަށް ދިނީމެވެ.

އޭނާ އެސިޓީ ފޮނުވާނެ ގޮތެއް އަދި އެސިޓީ އޭނާގެ ގެއަށް ފޮނުވަން ހަދާނެ ގޮތެއް ކިޔައެއް ނުދެއެވެ. އޭނާބުނީ އޭނާގެޔަށް ފޮނުވާސިޓީ އުރަތެރޭގައި އަޅުގަނޑުގެ ސިޓީވެސް ފޮނުވާލަ ދޭނެކަމަށެވެ. ތިޔަކަމަކީ، އަޅުގަނޑު ކުރިކަމެކެވެ. އަދި މިސިޓީގައި މާޚާއްސަ ވާހަކަތަކެއް ނުހުންނާނެއެވެ. ލިޔެލާފައިވާނީ ހަމައެކަނި ހާލުއަހުވާލެވެ. ދެންގެއަށް ފޮނުވިސިޓީ ލިބުންލަސްވާ ވާހަކަ ލިޔެފައި އޮންނާނެއެވެ.

ދެން، އަބްދުއްރައްޒާގު ގާތުގައި ފަހުންދުވަހެއްގައި އެސިޓީ ފޮނުވާލައިފިންތޯ އަހާލުމުން ޖަލުގެ މިބަޔަށް ފެންދޭން އަންނަ ކިރުބޯނަސީމް ކިޔާމީހެއްގެ އަތުގައި ފޮނުވާލައިފި ކަމަށް ބުންޏެވެ. ކިރުބޯއަކީ އަޅުގަނޑު ވާހަކަދައްކާ ހަދާމީހެއްނޫނެވެ. ފަހަރުގައި އަބްދުއްރައްޒާގާ ގުޅުމެއް އޮވެދާނެއެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ، މިތަނަށް މިފޮނުވާ މީހުންނާއި އަދި މިތަނަށް މިވައްދާ ކުށްވެރިންނަކީ ވެސް، އިސްތަފާމެންނާ ވަރަށް ގާތްކަމެއް އޮންނަ އަދި އަޅުގަނޑުމެންގެ ފަރާތުން ޖާސޫސުކުރުމަށް ފޮނުވާ މީހުންތަކެއް ކަމަށެވެ.

އެހެންވެ އަޅުގަނޑު އުޅެނީ ވަރަށް ބަލައިގެންނެވެ. އަޅުގަނޑުގެ ވިސްނުން އަބަދުވެސް ހުންނާނީ އިސްތަފާގެ ވިސްނުން މިތަނާމެދު ހުންނަގޮތަށެވެ. އިސްތަފާ މިތާގެވެރިއެއްގެ ހައިސިއްޔަތުން ޖަލާދޭތެރޭގައި ވިސްނާބީދައިން އަޅުގަނޑުގެ ވިސްނުން ހިންގާހަދަމެވެ. ރައީސް މައުމޫނު މިގައުމާމެދު ވިސްނަވާބީދައިން އަޅުގަނޑުގެ ވިސްނުންވެސް މިގައުމާމެދު ހިންގާހަދަމެވެ. ތަނެއްގެ ނުވަތަ ކަމެއްގެ ދެކޮޅަކީވެސް އަޅުގަނޑުގެ ވިސްނުމުގައި ހުންނާނެކަންކަމެވެ.

ގިނަކަންތައް ޖަލުތެރޭގައި އަޅުގަނޑު ދިރާސާކުރަނީ އިސްތަފާއަށް ވެގެންހުރެ އިސްތަފާގެ ވިސްނުމުންނެވެ. މިކަހަލަ ގޮތްގޮތަށް ވިސްނުން ހުންނާނީ ވަރަށް މަދުބައެއްގައެވެ. މިގައުމާ ދޭތެރޭގައި ބައެއްފަހަރު ވިސްނާހަދަނީ، ރައީސް މައުމޫނަށް ވެގެންހުރެ އޭނާގެ ވިސްނުމުންކަމަށް ބުނުމުން އިސްތަފާ ވަރަށް ހައިރާންވިއެވެ. މިކަހަލަ ބައިވަރު ވާހަކަތަކެއް އިސްތަފާއާ ދެއްކުމުން ވަކިއެއްޗެކޭ ވިދާޅެއްނުވިއެވެ. ދެން ވިދާޅުވީ އިލްޔާސް ދޮގުނުހަދާ ތެދުތެދަށް ކިޔައިދިނުމުންނާއި އެސިޓީގައި އެއްވެސް ގޯސްވާހަކައެއް ނެތުމުންނާއެކުގައި މިކަމަކީ މައްސަލައަކަށް ނުހަދައި މިހިސާބުން ނިންމާލަން ބޭނުންވާ ކަމެއް ކަމަށެވެ.

ބަޔާނެއްވެސް ނުނަގާގޮތަށް މިހާހިސާބުން ނިމުނީއެވެ. އެހެންމީހުން މިކަހަލަ ކަންތައްކޮށްގެން އިތުރު ހުކުމްވެސް ކުރެވިފައި ހުންނާނެ ކަމަށް އިސްތަފާ ވިދާޅުވިއެވެ. ރަންކޮކާރަޝީދު އިންނެވީ ހަމައަޑު އަހާށެވެ. ދެން ނަސޭހަތުގެ ވާހަކަކޮޅެއް ދައްކާލައްވާފައި ވަރަށްކުރު ބަޔާނެއް ހަދާލައްވާފައި ރަފްސޮޔެއް އަޅުގަނޑު ލައްވާސޮއި ކުރުވާފައި ނިންމާލެއްވީއެވެ. އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދެންނެވީމެވެ.

މިކަމުގައި ހުކުމެއް އިއްވެން އޮއްވާ އެކަންނުކުރައްވާ ނިންމަވާލަ ދެއްވީތީ އުފާކުރާކަމަށް ދެންނެވީމެވެ. މިހިސާބުން މިކަންތައް ނިމުނީއެވެ. ޖަލުގައި ތިބޭބަޔަށް އާދެވުނުއިރު އިރުއޮއްސިއްޖެއެވެ. މިއީ އަބުދުއްރައްޒާގު ކޮންނިޔަތެއްގައި އަޅުގަނޑު ލައްވައި ކުރުވި ކަމެއްކަމެއް އޭނާގެ ފަރާތުން ސާފެއްނުވިއެވެ. ބުނީ ދޮންބެ ވެސް ގެއަށް ސިޓިލިޔަން ބޭނުންވާނެ ނޫންވާނޭ އެކަހަލަ އެއްޗެކެވެ. ރޭވުމެއްގެ ދަށުން ކުރިވި ކަމަކަށް ވެސް ވެދާނެއެވެ. އެކަހަލަ ފުރުސަތެއްގައި ކުރަނީ ކީއްތޯ ޗެކުކޮށްލީ ކަމަށް ވެސް ވެދާނެއެވެ.

ފަހުން އެނގުނު ގޮތުގައި މިއީ ޕްރިސަންސުން ހުތްލައިދީގެން މިގޮތަށް ޖަލުތެރެއަށް ފޮނުވާމީހުންލައްވާ ޚާއްސަކޮށް ސިޔާސީކުށްވެރިން ލައްވާ އާންމުކޮށް ކުރުވާކަމެކެވެ. އަޅުގަނޑު މެންނަށް ފަހުން ކިރުބޯކިޔައިދިނީ މިގޮތަށެވެ. މިކަމަކީ ވެސް އެމީހުން ބުނެގެން ކުރިކަމެއްކަމަށް ކިރުބޯބުނެދިނެވެ. މިއީ ސިޔާސީމީހުންގެ ބޮޑެތިރޭމުންތަކެއް ހުރެދާނެކަމަށް އިސްތަފާމެން ރާވައިގެންކުރާ ވަރަށް ދަށްފެންވަރުގެ ނާތަހުޒިބު ކަންތަކެވެ.

އެހެންމީހުން ލައްވާ މޮޔަހަދުވަނީއެވެ. ޖަލަށްލާމީހުން ހަލާކުކޮށްލަނީ މިކަހަލަމަޅިތަކުގައި ގަދަކަމުން ބައްދައިގެންނެވެ. މިއީ އިސްތަފާ މެންގެ ޖާސޫސީރޭވުން ތަކުގެފެންވަރު ދަށްކުވައިދޭ ކަމެކެވެ. އެމަޅީގައި އަބްދުއްރައްޒާގު ޖެހުނީއެވެ. އަދި އޭގެރެތެއަށް އަޅުގަނޑަށް ނޭނގިހުރެ، އަޅުގަނޑު ވެސް ވެއްދީ އޭނާއެވެ. އަޅުގަނޑު މިކަމުން ސަލާމަތް ކުރެއްވީތީ، ﷲއަށް ޝުކުރު ދެންނެވީމެވެ.

3 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 497 ވަނަ ދުވަހެވެ. ރޭގައި ސައްޕެ އަނބުރައި ގަނެގެން ކޮޓަރިތެރެއަށް ވެއްޓުނެވެ. އެއީ ގާތްގަނޑަކަށް، 1:30 އެހާކަންހާ އިރެވެ. އަޅުގަނޑަށް ނާސިރު ގޮވުމުން އައިސް ނަގާބާއްވާފައި ބޮލަށް ފެންއަޅާއި މޮޑެލާ ހަދާލުމުން ވަރަށް އަވަހަށް ސައްޕެ ހޭއަރައިފިއެވެ. މުޅިންރަނގަޅު ވެއްޖެއެވެ.

ޖަލުގައިތިބި ގައިދީންގެ ތެރެއިން އެންމެބޮޑަށް ސައްޕެ ގަޔާވެލޯބިވަނީ ނާސިރުދެކެއެވެ. ނާސިރު ހުންނަނީވެސް އެކޮޓަރީގައެވެ. ނާސިރު ގެންގުޅެނީ ވެސް ވަރަށް ގާތްކޮށްގެންނެވެ. ބޭނުންވާ ހުރިހާކަމެއް ކޮށްދީ ބޭނުންވާ ހުރިހާ އެއްޗެއް ގެނެސްދީ ހަދަނީ ވެސް ސައްޕެއެވެ. ނާސިރަށް ބޭނުންވާ ހުރިހާކަމެއް ވެސް ކޮށްދެނީ ސައްޕެއެވެ. އެއީ ސައްޕެގެ ސޮރެކެވެ. އަޅުގަނޑު ނިންމީ މިއީ ޢިޝްޤީ އަނބުރައި ގަތުމެއްކަމަށެވެ.

4 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 498 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ރަޣީބު މާލެގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ބިގޭއާ ދިމާވި ވާހަކަ ބުންޏެވެ. ހުރިހާކަމެއް ވެސް މުޅިން ރަނގަޅުކަމަށް ޚަބަރު ދިނުމަށް ބިގޭބުނިކަމަށް ރަޣީބުމެން ބުންޏެވެ.

އަންނި ދޫނިދޫޖަލުން، ގާމާދޫޖަލަށް ބަދަލުކުރި ވާހަކަ:

އަދި މިއަދު ހަވީރު ދޫނިދޫޖަލުން، އަންނި ގާމަދޫޖަލަށް ގެނެސް އަޅުގަނޑުމެން ތިބޭބަޔަށް ވެއްދިއެވެ. މިއީ އުފާވެރި ދުވަހެކެވެ. އަންނިއަށް މިބަޔަށް އާދެވި އަޅުގަނޑު މެންނާއެކު އެއްތަނެއްގައި އުޅެވޭގޮތް ވީމައެވެ. އަންނި ވެއްދީ، 7 ނަންބަރު ކޮޓަރިއަށެވެ. އެކޮޓަރީގައި މިވަގުތުހުރީ ރިޝްވާނު އެކަންޏެވެ. އަންނި ވެއްދުމުން ދެމީހުން ހަމަވީއެވެ. މިއީ ދެމީހުންގެ ކޮޓަރިއެކެވެ. އަނެއްކާވެސް މިބައި ފުރުނީއެވެ. 18 ގައިދީން ހަމަވީއެވެ.

އަންނި ޚަބަރުދިން ގޮތުގައި ބިގޭއާއި ހަންދު މުޅިން ރަނގަޅެވެ. ތިބީފިޓްކޮށެވެ. ތިބީހިތްވަރާއި މަޖަލުގައެވެ. މިރެއަކީ މިތާތެރޭގައި ވަރަށް ބޮޑުރެއެކެވެ. އަންނިއަށް އާދެވުމުން އުފާކުރުން އޮތެވެ. ކައިނިމިގެން ވަރަށް ގިނައިރު އަނގަތަޅަން ހޭލާތިބީމެވެ. އަލުންބަލުން ހުރިހާކަމެއް ރާވާލައި ކިޔަވައިދިނުމާއި ޑިއުޓީތައް ބަހާލައިގެން ޖަލުތެރޭގެ ކަންތައްތައް ރާވާލެވުނެވެ. އަންނިގެ ކެރުމާއި އިސްނެންގެވުން ހުންނަގޮތުން އާދިރުމެއް ޖަލުތެރެއަށް ލިބިގެން ހިނގައްޖެކަން މިއަދުން ފެށިގެން ފާހަގަކުރެވުނެވެ.

5 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 499 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑުގެ އުފަންދުވަހެވެ. އެކަމުގެ އުފަލުގައި ރޭބާރަޖެހިއިރު އެމުނާސަބަތު ފާހަގަކުރުން އޮތެވެ. އަދި މިރޭއިޝާނަމާދު ނިމިގެން ކެއުމަށް ފަހު ކުޑަވަރެއްގެ ހަފްލާއެއް އުފާކުރުމާއެކު ބޭއްވުނެވެ. މިއީ އަންނި އިސްނަންގަވައިގެން ހިންގިކަމެކެވެ. އަޅުގަނޑުވިހެއީ، 1957.05.05 ގައެވެ. މިއަދަކީ އުމުރުން، 35 އަހަރު ފުރުނު ދުވަހެވެ.

އުމުރުން އެންމެ މުހިންމު ދުވަސްވަރު ދިވެހިގައުމަށްޓަކާ މިއުޅެންޖެހުނީ ޖަލުގައެވެ. އެކަމާ އެއްގޮތަކަށް ވެސް ދެރައެއް ނުވެއެވެ. އަޅުގަނޑަކީ ވިޔަފާރިއެއްކޮށް މާއްދީއެދުމުގައި އުޅޭމީހަކަށް ނުވާތީއެވެ. އަޅުގަނޑުގެ ހުރިހާ ކަމެއްވެސް ބިނާކުރެވިފައި އޮންނަނީ ދިވެހިގައުމަށް ޚިދުމަތްކުރުމަށެވެ. ރާއްޖެއަށް އިސްލާމީ ޑިމޮކްރަސީ ގެނައުމެވެ. އަދުލްއިންސާފު ގައިމުކުރުމެވެ. ޝަރީއަތް ދެމެހެއްޓުމެވެ. މުޖްތަމައުގައި އިޖްތިމާއީއަދާލަތު ގައިމުކުރުމަށެވެ. އިގްތިސާދީ އަދާލަތު ގައިމުކުރުމަށެވެ. ސިޔާސީ ލީޑަރުންނަށް މިނިވަންކަންމަތީގައި ސިޔާސީ ހަރަކާތްތައް ހިންގޭނެގޮތްވުމެވެ. ޚުދުމުޚްތާރު ވެރިން ވެރިކަމުން ދުރުކުރުމެވެ.

މިކަންކުރެވޭނީ، ޖަލަށްވަދެގެން ކަމަށް ވިޔަސް އަދި ރައްޔިތުންގެ ބޮޑުމަޖިލީހަށް ވަދެގެންކަމަށް ވިޔަސް ސަރުކާރުގެ އެންމެއިސް މަގާމުތަކުން މަގާމެއްގައި ހުރެގެން ކަމަށް ވިޔަސް އެންމެރަނގަޅެވެ. އެކަމުގައި އުޅޭނަމެވެ. މިއީ އަޅުގަނޑު ކިޔެވިދުވަސް ވަރުންސުރެ އަޅުގަނޑުގެ އަޒުމެވެ. އަދި އަމާޒެވެ. އިރާދަ ކުރެއްވިއްޔާ މަރުވަނެދެން ދެމިހުންނާނީ މިއަޒުމުގައެވެ.

މިއަމާޒުގެ މަތީގައެވެ. މިމަސައްކަތުގައެވެ. ސިޔާސީ މަސައްކަތަކީ، އަޅުގަނޑުގެ ހަށިގަނޑުގެ ކާނާއެވެ! ދިރިހުރުމުގެ އުފަލެވެ! އަދި، ދިރިހުރުމާއި މަރުވުމާއި އަޅުގަނޑުގެ ހުރިހާ އަޅުކަމެއް ބިނާވެގެން ވަނީ މިއަސާސްތަކުގެ މައްޗަށެވެ! ހައްދަވާބޮޑުކުރެއްވި، ﷲ އެވެ! އަޅުގަނޑަށް މިމައިދާނުގައި ކެރުމާއިހިތްވަރާއި ސާބިތުކަން ދެއްވާށިއެވެ! ކެތްތެރިކަން ދެއްވާށިއެވެ! އަދި ނަސްރުދެއްވާއި ދެދުނިޔޭގައި ކާމިޔާބު ކުރައްވާށިއެވެ!  އާމީން!

6 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 500 ވަނަ ދުވަހެވެ. މިއަދަކީ މިބުރުގައި ޖަލުގައި ހުންނަތާ، ފަސްސަތޭކަ ދުވަސް ހަމަވިދުވަހެވެ. މިކަން ހަދާންކޮށް ދެރަކްއަތުގެ ނަމާދެއްކޮށް، ﷲގެ ނަސްރު ދެއްވުންއެދި ދުއާކުރީމެވެ. ހައްގުގޮތުގައި ތިބޭމީހުންނަށް، ﷲ ނަސްރު ދެއްވާނެކަން ޔަގީނެވެ! “ވަ ކާނަ ޙައްޤަން ޢަލައިނާ ނަޞްރުލް މުއުމިނީން” މިއީ އަޅުގަނޑު މޮޓޯއެވެ. ކުޑަގޮޅިން ފެށިގެން މިމޮޓޯ އަބަދުވެސް ޖަލުގައި އަޅުގަނޑު ހުންނަތަނެއްގައި އަޅުގަނޑަށް ފެންނަގޮތަށް ލިޔެފައި ހުންނާނެއެވެ.

މިއަދު ހަވީރު އިސްތަފާއާއި ރަންކޮކާރަޝީދު ޖަލަށް ވަޑައިގެން އަޅުގަނޑު އޮފީހަށް ނެރުނެވެ. ސިއްރުންގެއަށް ސިޓިއެއް ފޮނުވި މައްސަލާގައި ކުރީދުވަހު ނެގިރަފްބަޔާން ރީތިކޮށް ލިޔެގެން ގެނެސްފައި އޮތެވެ. އިސްތަފާ ވިދާޅުވީ ރެކޯޑަށްޓަކާ ބޭއްވުމަށް މިބަޔާނުގައި ސޮއިކޮށްލަން ޖެހޭކަމަށެވެ. ޝަރީޢަތަށް ފޮނުވާކަށް ނޫނެވެ. މިވާހަކަތައް ވިދާޅުވުމުން އެއޮތްގޮތަށް އަޅުގަނޑު ވަރަށްއަވަހަށް ސޮއިކޮށް ލައިފީމެވެ. ދެން މިކަންތައް މިހާހިސާބުން މިނިމުނިއޭ، އިސްތަފާ ވިދާޅުވެއްޖެއެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދެންނެވެމުން، ޖަލުގައި އަޅުގަނޑުމެން ތިބޭބަޔަށް ގެނެސް ވައްދައިފިއެވެ.

7 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 501 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މޫދަށްދާން ނުކުތީ އަޅުގަނޑު އެކަންޏެވެ.

8 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 502 ވަނަ ދުވަހެވެ. މިއަދު ޚައްސަކަމެއް ނެތެވެ. އާދައިގެ މަތިން ދިޔަދުވަހެކެވެ. ވިއްސާރަ ވައްތަރު ދުވަހެކެވެ.

9 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 503 ވަނަ ދުވަހެވެ. މިއަދު ޅަރީތި އަހްމަދުރަޝިދު މާލެއަށް ކޯޓަށް ގެންދިޔައެވެ. ގެނައީ ހަވީރުއެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. ގަވާއިދުން ކްލާސްތައް އޮވެއެވެ. އިނގިރޭސިއާއި ހިސާބު ކިޔަވައިދެނީ އަންނިއާއި ސައްޕެއެވެ. ބަރާބަރަށް ފިލާވަޅުތައް ނަގާކުދިން އުޅެއެވެ. ކަސްރަތުކުރުން ވެސް އޮވެއެވެ. ކަސްރަތަކީ ހަށިގަނޑުގެ ދިރުމެވެ.

10 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 504 ވަނަ ދުވަހެވެ. މިއަދު އަންނިއާ ބައްދަލުކުރުމަށް އަންނިގެ މަންމަ ޖަލަށް ވަޑައިގަތެވެ. އަދި އަންނިއަށް ކުޑައައިސް އަލަމާރިއަކާއި ގިނައިރުފެންފިނިކޮށް ބަހައްޓާވައްތަރުގެ ތަރުމޯޒެއް ގެއިންގެނެސް ދިނެވެ. މިއަދަށް ފަހު ފިނިފެން ބޯންބޭނުން ގައިދީއަކަށް ފިނިފެން ލިބެއެވެ. އަންނި ހުންނަވާ ކޮޓަރިޔަށް ފެންބޮވައިގަތީމާ ފިނިފެންބޯން ދާންވީއެވެ. މިކަންއޮންނަނީ ހަމަހަމަކޮށް ހުރިހާގައިދީންނަށް ހުޅުވާލާފައެވެ.

11 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 505 ވަނަ ދުވަހެވެ. މިއަދު ރިޝްވާނުގޭގެ މީހުން ބައްދަލުކުރުމަށް ޖަލަށްއައެވެ. އަޅުގަނޑުގެ މަންމަ ހައްޖަށް ފުރަންއުޅޭޚަބަރު ލިބުނެވެ. އަދި ގެއިންކާނާ ވަށިގަނޑެއް މިއަދުލިބުނެވެ.

12 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 506 ވަނަ ދުވަހެވެ. މިއަދު ހަންނާނާއި ޅަރީތި އަހްމަދު މާލެ ގެންދިޔައެވެ. އަދި މިރޭގެވަގުތެއްގައި ޖަލުއޮފީސް ބަލަހައްޓަވާ ނަސީމާއި ސިފައިންގެ ސީނުކަރަންކާ ނާޒިމް ޖަލުގެމިބަޔަށް ޒިޔާރަތްކުރެއްވިއެވެ. އަދި ވިސާމް ލަކުޑިން ހަދައިގެން ގެންގުޅުނު ބަޑިއެއް އަތުލައިގެން އެމީހުން ގެންދިޔައެވެ. މިއީ ދެފޫޓުދިގުމިނުގެ ކުޅޭކުޅޭ ބަޑިއެކެވެ.

13 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 507 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ރަންކޮކާ ރަޝީދު ޒިޔާރަތް ކުރެއްވިއެވެ. ވަކިޚާއްސަ ވާހަކައެއް ވިދާޅެއްނުވެއެވެ. މިއަދު ޅަރީތިރަޝީދާއި އަހްމަދު ފާޒިރުނަސީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

އެންމެން ބަންދި ވިޔަސް އިސްލާހީ ހަރަކާތް މެދުނުކެނޑި ކުރިޔަށް ދިޔަގޮތުގެ ވާހަކަ:

14 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 508 ވަނަ ދުވަހެވެ. މިއަދު ރޭޑިޔޯއިން ލިބުނުޚަބަރަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަހްމަދުޒަކީ، މާލޭގެ އިއްޒަތްތެރި މެންބަރު ޑޮކްޓަރ ވަހީދު މާލޭގެގޮނޑިން އިސްތިއުފާ ހުށަހެޅުއްވުމުން އެކަން ގަބޫލްކުރައްވާއި އިއުލާނު ކުރެއްވިޚަބަރެވެ. ޑޮކްޓަރ ވަހީދު އަމިއްލަފުޅަށް އެދިވަޑައިގެން ހުށަހެޅުއްވި އިސްތިއުފާއެކެވެ. އެއްވެސް ފަރާތެއްގެ މަޖްބޫރުކަމެއް އޮވެގެނެއްނޫނެވެ.

އެހެނަސް ޑޮކްޓަރ ވަހީދަށް ވަރަށް ވަރުގަދައަށް ސަރުކާރުން ސިޔާސީ ފިއްތުންތައް ކުރިމަތި ކުރިއެވެ. ސިޔާސީ ގޯނާތައް ކުރިއެވެ. މާލެތެރެއަށް ބިންބިފޯސް ނެރުނީވެސް ޑޮންޓަރ ވަހީދަށް ސިޔާސީ ގޯނާތަކާއި އަނިޔާތަކާއި ދުއްތުރާތައްކޮށް މަޖްބޫރުކޮށްގެން ރައްޔިތުން މަޖިލީހުން ބޭރުކުރުމަށެވެ. އަދި އަޅުގަނޑުމެންނަށް ޖަލުގެބޮޑެތި އަނިޔާތަށް ކުރިމަތިކުރުވީ ވެސް ސިޔާސީގޮތުން، ޑޮކްޓަރ ވަހީދު ހަލާކުކޮށް ލުމަށެވެ. ފިއްތާލާއި ވަށާލުމަށެވެ. ޖަލަށް ގެނެސް ބަންދުކުރުމަށެވެ. ނުވަތަ މާލޭން ބޭރުކޮށް ލުމަށެވެ.

އެންމެފަހުން މާލޭގެ ގޮނޑިން އިސްތިއުފާ ދެއްވާފައި ވަގުތީގޮތުން ފަހަތަށް ޖެހިލައްވަން ޑޮކްޓަރ ވަހީދަށް މަޖްބޫރުވީއެވެ. އަދި މިހާހިސާބުން، ބަރާބަރު ތިން އަހަރު ދުވަހަށް ރާއްޖޭގައި ސިޔާސީގޮތުން އުފެދިފައިއޮތް އިސްލާހީ ހަރަކާތް ވެސް ވަގުތީގޮތުން ކުޑަ މަޑު ޖެހުމަކަށްވެ ބްރޭކަކަށް ވެއްޓުނެވެ. ކުޑަކޮށް މަޑުުޖެހުނެވެ. އެހެނަސް މިދުވަސްވަރު މިކަންތައް ކޮށްދެއްވީ، ބޭރުދުނިޔޭގައި ތިއްބެވި، ޑޮކްޓަރ ވަހީދުމެންނެވެ. އަހުރެމެން އެންމެން ޖަލުގައި ބަންދުވީއެވެ!

އަމަލީގޮތުން ހަރަކާތްތެރިވި ހުރިހާ ޒުވާނުންތައް ޖަލުގައި ހުކުމްކޮށް ބަންދުކުރީއެވެ. ދެންތިއްބެވި ލީޑަރުން ފައްސާލާއި ވިއްސިވިހާލި ކޮށްލީއެވެ. އެހެނަސް އަޅުގަނޑުމެން ޖަލުގެ ކުޑަގޮޅިތަކުގެ ތޭރިތަކުގެ ބިއްދަށުން އަނދިރީގައި ތިބެގެންވެސް، ސިޔާސީ ހަރަކާތްތައް ބަރާބަރަށް މުޅިން މެދު ކެނޑިގެންނުދާ ގޮތަށް، މާލޭގައި ތިއްބެވި އާއިލާތައް މެދުވެރިކޮށް ބޭރުގައި ތިއްބެވި ފަރާތްތަކާ ނުސީދާކޮށް ގުޅައިގެން ހިންގީމެވެ.

ބޭރުގައި ތިއްބެވިބޭފުޅުން އެމަސައްކަތް ކުރިޔަށް ގެންދެވިއެވެ. އެހެންވެ މުޅިން މެދުކެނޑުމެއް ނައިސް ކުރިޔަށް ގެންދެވުނެވެ. ބަންދުގައި ތިބި ހިތްވަރުގަދަ ސިޔާސީޒުވާން ގައިދީންގެ މަސައްކަތްތަކާ ގުޅުވައިގެން، ރާއްޖޭގެ އިސްލާހީ ހަރަކާތް އެކުގައި މުޅިން ނުހުއްޓި ކުރިޔަށް ގެންދެވުނެވެ. ސަރުކާރުން ބޭނުންވިގޮތަށް އެހަރަކާތުގެ ރޫހާއިފުރާނަ ދުއްވާލާއި މަރައެއް ނުލެވުނެވެ. އިސްލާހީ ހަރަކާތުގައި ސިޔާސީވިންދު ޖަހަމުން ދިޔައެވެ.

ތިންއަހަރު އިސާހިތަކު ނިމިގެން ދިޔައިރު އިސްލާހީ ހަރަކާތަށް ވަނީ އިތުރުވިންދަކާއި ދިރުމެއް ބޭރުންނާއި އެތެރެއިން ލިބިފައެވެ. ހަރަކާތުގެ މައިބަދަ ވަރުގަދަ ވެފައެވެެ. މިއީ އަޅުގަނޑު މެންގެފަރާތުން ދިވެހިރާއްޖެއަށް ކޮށްދެވުނު އެންމެބޮޑު ފައިދާއެވެ. މިއީ މުގައްދަސް ގުރުބާނީ ތަކެކެވެ. ޖިހާދެކެވެ. މިމަސައްކަތުން ދިވެހިރާއްޖޭގައި ފެށުނު، އިސްލާހި ހަރަކާތް ދިރިދެމި ހޫނުވިންދެއްގައި ތެޅިލަތެޅިލައި ސިއްރު ހަރަކާތެއްގެ ގޮތުގައި މަރުވިޔަނުދީ ބޭއްވުނެވެ. އަދި ވަރަށްއަވަހަށް އަނބުރާ ދިރުންލިބި އަވަސް ހަރަކާތަކަށް ބަދަލުވީއެވެ.

މީގެ އެންމެވަރުގަދަ ދަލީލަކީ، 1990 ވަނަ އަހަރުން ފެށިގެން އެމްނެސްޓީން ނެރެމުން ގެންދެވި ރިޕޯޓުތަކެވެ. އިނގިރޭސި ޕެނުންނާއި އެމެރިކާގެ ޕެން ޖަމްޢިއްޔާގެ ފަރާތުން ކުރެއްވި މަސައްކަތެވެ. މިބުރުގައި އަޅުގަނޑު މެންނަށް ހުކުމް އިއްވުނަސް ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދެވުނެވެ. ހަގީގަތުގައި މިލިބުނު ހީނަރުކަމަކީ، ކުރިޔަށް ދިއުމަށް އެޅުނު ވަރުގަދަ ބިންގަލެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި އިސްލާހީ ހަރަކާތެއް އެބައޮޮތްކަން ހާމަވެގެން ދިޔަ ވަރުގަދަ އެތިފަހަރެވެ. އާދެ! މިއަދު އަންނިގެ ތިމާގެބަޔަކު ހައްޖަށް ދާތީ ބައްދަލުކޮށްލަން ޖަލަށް ޒިޔާރަތްކުރިތެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. އަދި ހަންނާނު ވެސް އޭނާގެ ދައްތައަކާ މިއަދު ބައްދަލުކުރިއެވެ. އަދި ސައްޕެވެސް އޭނާގެ ދައްތައާ މިއަދު ބައްދަލުކުރިއެވެ. އާދަކާދައިގެ މަތިން ރޭގަނޑު އިޝާނަމާދަށް ފަހު، ސިޔާސީ އަނގަތެޅުމާއި މަޖާލުރުން އޮވެއެވެ. ގިނައިން ބައިވެރިވަނީ އަޅުގަނޑައި އަންނިއައި ދެން ކެރޭކުދިންނެވެ.

15 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 509 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. ބޭނުންވާ މީހަކަށް ދެވޭގޮތަށް ހުޅުވާލާފައި އޮންނައިރު ވެސް، މޫދަށް ނުކުންނަނީ މަދުބައެކެވެ. މިއަދު މޫދަށްދިޔައީ އަޅުގަނޑާއެކު އިތުރުފަސް ގައިދީންނެވެ.

16 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 510 ވަނަ ދުވަހެވެ. މިއަދު އަބްދުލްހަންނާނަށް އޭނާގެ ބައްޕައަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާފައިވާ ޖަވާބެއް ފޮނުވާފައި އޮތެވެ. އެޖަވާބުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ވަރަށް އަވަހަށް ލުއިގޮތްތަކެއް ވާނެކަމަށް ލިޔުއްވާފައެވެ. މިއީ އަބްދުލް ހަންނާނުގެ ބައްޕަ ވައިތިޔޮ އަބޫބަކުރު ރައީސް މައުމޫނަށް ފޮނުއްވި ސިޓީއެއްގެ ޖަވާބެވެ. އަދި ހަންނާނަށް ގެއިން މިލިބުނު ސިޓީގައި ނޯބެގެ ވާހަކަވެސް ލިޔެފައި އޮތްކަމަށްވެއެވެ. ނޯބެގެއަށް ބަދަލުވެއްޖެ ކަމާއި އޭނާވެސް ވަރަށް އަވަހަށް ދޫކޮށްލާނެ ޚަބަރުވަނީ ލިބިފައެވެ.

17 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 511 ވަނަ ދުވަހެވެ. މިއަދު އަންނިއާ ކެނެރީގޭ އަބްދުލްޖަލީލް، “އަބުޖީ” ބައްދަލު ކުރެއްވިއެވެ. އަބުޖީވެސް މިއަހަރު ހައްޖަށް ވަޑައި ގަންނަވަނީއެވެ. މިބައްދަލުވުން ތަކަށްފަހު، އަންނި ހުންނެވީ ވަރަށްހިތްވަރު ގަދަކޮށެވެ. އަބުޖީގެ ހިތްވަރުން ހިތްވަރު އާލާވެގެންނެވެ. މިއަދުހަވީރު އާދިލާއި ވިސާމް މާލެގެންދިޔައެވެ.

އެދެގޭގެ މީހުން ހައްޖަށް ފުރާތީ ބައްދަލުކޮށްލަން އެދިގެން މާލޭގައި އެކަން ކުރުމަށެވެ. މިކަންތައް އިންތިޒާމް ކުރެވުނީ ސިފައިންގޭގެ ތެރޭގައެވެ. އަނބުރާގެނައީ ދެގަޑިއިރު ފަހުންނެވެ. މިއަދު އަންނިއަށް ގެއިންލިބުނު ކޭކެއް ފެޅުންއޮތެވެ. މިކަންކުރީ އެންމެންއެކުގައެވެ. ބޮޑުމަޖާގަނޑެއްގެ ގޮތުގައި މިކަން ކުރެވުނެވެ. މިފަދަ ކަންތަކުން ހުރިހާ ގައިދީންގެ ވިސްނުންތައް އެއްގޮތްވެ، އަޅުގަނޑުމެންގެ ތެރޭގައިއޮންނަ ލީޑަރޝިޕް ވަރުގަދަ ވެގެން ދެއެވެ. އަދި އިޖްތިމާއީ ގުޅުން ބަދަހި ވެގެންދެއެވެ.

18 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 512 ވަނަ ދުވަހެވެ. މިއަދަކީ ވިއްސާރަ ދުވަހެކެވެ. ތާނގީއަށް ވާރޭފެންއަޅާ ފުރާލެވުނެވެ. ވިންޓަރަކީ ވަރަށް ގިނައިން ވާރޭފެނުން ފެންވަރާމީހެކެވެ. ފެންވަރާކޮންމެ ފަހަރަކު ބާލިދީއަކަށް ވާރޭފެން އަޅައިގެން އުޅޭތަން ފެނެއެވެ. މިނާހުންނަވާ ކޮޓަރީގައި ފާޚާނާއެއް ނުހުންނާތީ އަބަދުވެސް ބޭނުންކުރައްވާނީ ބޭރުގަހުންނަ ދެފާޚާނާއެވެ. ފެންވަރާ ހައްދަވާނީ އެދެފާޚާނާ ކުރިމަތީގައި އޮންނަ ތަޅުންކޮޅުގައި ހުންނަވައިގެން ތާނގީންފެން ނަންގަވައި ގެންނެވެ.

19 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 513 ވަނަ ދުވަހެވެ. މިއަދު މޫދަށް ނެރުނެވެ. މޫދަށްދިޔައީ އަޅުގަނޑާއެކު އެންމެތިން މީހުންނެވެ.

20 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 514 ވަނަ ދުވަހެވެ. މިއަދު ހަންނާނު މާލެ ގެންދިޔައެވެ. އަނބުރާގެންނަ ގޮތަށެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވައިގެން ރައްތިޔުންގެ މަޖިލީހުން ހުސްވިގޮނޑިޔަށް އަބްދުﷲ ކަމާލުއްދީނާއި އެކްސްރޭއާތިފު ކުރިމަތި ލެއްވި ވާހަކަ މިއަދުރޭޑިޔޯއިން އިވުނެވެ.

21 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 515 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއްނެތެވެ.

22 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 516 ވަނަ ދުވަހެވެ. މިއަދުވެސް ޚާއްސަކަމެއް ނެތެވެ. ޖަލުގެ އާދައިގެ މަތިން ކުރިޔަށްދިޔަ ދުވަހެކެވެ.

23 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 517 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑާއެކު މޫދަށް ދިޔައީ ނުވަމީހުންނެވެ. މޫދުންކުދި ކުދިމަސް ހިފައިގެން ގެނެސް ކައްކާލައިގެން ކާއްޓައި އެކު ކާލީއެވެ.

24 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 518 ވަނަ ދުވަހެވެ. މިއަދު ހަންނާއި ޅަރީތި އަހްމަދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ހަވީރުވަގުތެއްގައި ޅަރީތި އައުމުން އޭނާގެ ބައްޔަކީ، ލޮލުރޯގާ ކަމަށްވާތީ ވަކިކޮޓަރިއަކަށް ބަދަލުކުރިއެވެ.

25 މެއި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 519 ވަނަ ދުވަހެވެ. މިއަދު ކެޕްޓަން މުއާޒުގޭގެ މީހުން، އޭނާއާ ބައްދަލުވާން އައެވެ. މިތާތެރޭގައި ވާރޭފެން އަޅަންގެންގުޅޭ ތާނގީރަނގަޅު ފެންވަރަކަށް ބެހެއްޓުމަށް ކޮންކްރީޓްކޮށް ބުޑެއްއެޅުމުގެ މަސައްކަތް މިއަދުކުރެވުނެވެ. މިމަސައްކަތުގައި އަޅުގަނޑުމެން ވެސް ބައިވެރިވީމެވެ.

އަންނިގެ ކޮއްކޮ އައިމިނަތު ނާޝިދާ ނާއްކޮ، މިއަދު އަންނިއާ ބައްދަލުކުރަން އައެވެ. މާލޭގެޚަބަރުތައް ލިބުނެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވުމުންހުސްވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް، އަލްފާޟިލް އިބްރާހީމް ނޫރައްދީން ކުރިމަތިލެއްވި ވާހަކަބުއްޏެވެ. މިއީ އަޅުގަނޑު މެންނަށް ލިބުނު ހިއްވަރެކެވެ. ސިޔާސީ އެދުންތަކާއި ހިއްސުތައް އުފުލުނު ކަމެކެވެ. އަޅުގަނޑު މެންގެރޫހު އާލާކޮށްލުވި ޚަބަރެކެވެ.

26 މެއި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 520 ވަނަ ދުވަހެވެ. މިއަދު މުފީއްޓޭ މާލެ ގެންދިޔައެވެ. އަބްދުﷲ ހުސައިނާއި އަޒްމީލާއި ޒަހީނުވެސް މާލެ ގެންދިޔަ ޚަބަރުލިބުނެވެ. އެވެރިންގެ ސަލާމްލިބުނެވެ. އަދި ހާލުރަނގަޅު ކަމުގެޚަބަރު ލިބުނެވެ.

27 މެއި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 521 ވަނަ ދުވަހެވެ. މިއަދުހެދުނު މާލޭގައި، 9:00 ޖެހިއިރު މާލޭ އިޖްތިމާޢީ މަރްކަޒު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތު އޮތެވެ. މިއީ މަޖީދީމަގު މާފަންނުކޮޅުން ނިމޭހިސާބިގައި މާފަންނު މަދްރަސާ ކުރިމަތީގައި އޮންނަބިމުގައި ޖަޕާނުސަރުކާރުގެ ހިލޭއެހީގައި ބިނާކޮށްދެއްވި ވަރަށް ބޭނުންތެރި މަރުކަޒެކެވެ. މިމަރުކަޒު ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތު ތަޢާރުފްކޮށް ދެއްވީ، އަލްފާޟިލް އަބްދުﷲ ކަމާލުއްދީނެވެ. ނަމަކީ، މޯލްޑިވްސް ސެންޓަރ ފޯރ ސޯސިއަލް އެޑިއުކޭޝަނެވެ. (އެމްސީއެސްއީ) އެވެ. އިޖްތިމާޢީ ތައުލީމުދޭ މަރުކަޒެވެ.

މިރަސްމިއްޔާތުގައި އަލްއުސްތާޒު އަބްދުﷲ ހަމީދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އެއަށްފަހު ވާހަކަފުޅު ދެއްކެވީ ދުވަހުގެ ޝަރަފުވެރި މެހްމާން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމެވެ. ރާއްޖޭގެ ރައްޔިތުންނަކީ، ވަރަށްޒުވާން ބައެއްކަމަށް ވިދާޅުވިއެވެ. ބަރާބަރު ހެދުނު، 10:18 ވަނަމިނެޓްގައި މިމަރްކަޒު ހުޅުވައިދެއްވީ ރިމޯޓްކޮށް ބަޓަނަކަށް ފިއްތަވާލައްވައި ގެންނެވެ. އެއާއެކު ނަންބޯޑުގައި ދެމިފައިހުރި ފަރުދާކަޝްފުވެގެން ދިއުމުން މިރަސްމިއްޔާތު ނިމުނީއެވެ.

ނަންބޯޑުހުރީ މަޖީދީމަގަށް ފެންނަގޮތަށެވެ. މާފަންނު ސްކޫލްކުރިމައްޗަށް ފެންނަގޮތަށެވެ. މިއީ އަޅުގަނޑުމެން ބަންދުކުރިފަހުން އެޅިތަނެކެވެ. މިވާހަކަތައް އަޅުގަނޑު އަޑުއެހީ ރޭޑިޔޯއިންނެވެ. މިއަދު މާލެގެންދިޔަ ފާޒިރާއި ޅަރީތި އަހްމަދު ހަވީރު ދޯނިންގެނައެވެ. އަދި އިރުކޮޅަކަށް ފަހު، އެދެމީހުން ނެރެގެން ގެންދިޔައީ އެމީހުންގެ ސާމާނާއެކުގައެވެ. ލަފާކުރެވެނީ މާލެއަށް ބަދަލުކުރަނީ ކަމަށެވެ.

އަދި މިއަދު އިސްތަފާ އިބްރާހީމް މަނިކާއި ރަންކޮކާރަޝީދު، މިދެބޭފުޅުން ވަޑައިގެން، އަޅުގަނޑާއި އަބްދުއްރައްޒާގު ޖަލުއޮފީހަށް ނެރުނެވެ. އަޅުގަނޑުމެން ދެމީހުން ގެންދަވާފަ ވިދާޅުވަނީ، މިގެނައީ ތިޔަދެމީހުން ޖަލުގައިތިބެގެން ގެއަށް ސިއްރުންފޮނުވި ސިޓީގެ މައްސަލަ ޝަރީޢަތަށް ނުފޮނުވާގޮތަށް އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވީމާ އެވާހަކަ އަންގައިދޭންކަމަށެވެ. މިގޮތަށް އަޅުގަނޑުގެ ފައިލުގައި ލިޔުމަށްފަހު، ސޮއިކުރުވާ އެކަންތައް މުޅިންނިންމާ ލެއްވީއެވެ.

އަބްދުއްރައްޒާގު ލައްވާވެސް މިގޮތަށް ސޮއިކުރުވިއެވެ. މިދެބޭފުޅުން ފުރަންދެން ފާޒިރާއި ޅަރީތި އާ ދެމީހުން އޮފީހުގައި ބައިތިއްބާފައި ތިއްބާފެނުނެވެ. މިދެމީހުން މާލެގެންދަނީ އިސްތަފާމެން މާލެވަޑައިގަންނަވާ ދަތުރުގައެވެ. މިމީހުން މިއަދު ފުރުމުން މިބައިންދެޖާގަ ހުސްވީއެވެ. ހަމަމިއަދު މުފިއްޓޭ ނެރެގެން ވެސް ވާހަކަތަކެއް ދެއްކެވިއެވެ. އަދި އަޅުގަނޑު ކޮޓަރިއަށް ފޮނުވާލެއްވުމުގެ ކުރިން އިސްތަފާ ވިދާޅުވިއެވެ. ބޭރަށް ނުކުތުމަށާއި މިސްކިތައް ނުކުތުމަށާއި އެހެނިހެންކަންތައް ކުރުމަށް އަޅުގަނޑުމެން ޓޭބަލެއްހަދާފައި އޮފީހަށް އެންގުމުން އެކަންތައް ވީހާއަވަހަށް ހަމަޖައްސައި ދޭނެއެވެ.

އަދި ޖަލުއޮފީހުން އެކަންތައް ހަމަޖައްސައި ދޭނެވާހަކަ ވެސް ވިދާޅުވިއެވެ. އަދި މިއަދު ވަރަށްހަވީރު ވެފައިވަނިކޮށް އަންނިއާ އޭނާގެބައްޕަ ކެރަފާ އަބްދުއްސައްތާރު ބައްދަލު ކުރެއްވިއެވެ. އަންނިއަށް ކެއުމުގެ ވަރަށްގިނަ ސާމާނު މިއަދު ގެއިންލިބުނެވެ. ޑޮކްޓަރ ވަހީދު އިސްތިއުފާ ދެއްވައިގެން ހުސްވި މާލޭގެ ގޮނޑިއަށް، 11 ބޭފުޅަކު ކުރިމަތިލެއްވި ޚަބަރުލިބުނެވެ. އިބްރާހީމް ނޫރައްދީނު ވެސް ކެނޑިޑޭޓުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވައެވެ.

28 މެއި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 522 ވަނަ ދުވަހެވެ. މިއަދު ރަޣީބުއަލީ ގޭގެމީހުން އޭނައާ ބައްދަލު ވުމަށްއައެވެ. ރޭގެނިދީގައި ހުވަފެނުން ފެންނަނީ، މާފަންނު ދާންނާގޭ ބިޝާރާއިބްރާހީމް ދީދީއެވެ. މިއީ ކުޑައިރުގެ ވަރަށްގާތް ރަށްޓެއްސެކެވެ. ޖަވާހިރުވާދީ ކުރިމަތިން ހުންނާނީ، ދާންނާގެއެވެ. ބިޝާވަޑައިން ވަރަށްރީތިކޮށް އަޅުގަނޑާ ވާހަކަދައްކަވާ މަންޒަރެވެ. ދެން މާގިނައިން ނުފެންނާނެ ވާހަކަ ވިދާޅުވިއެވެ.

29 މެއި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 523 ވަނަ ދުވަހެވެ. ރޭއްސުރެ ސައްޕެއުޅެނީ ބޮލުގައި ރިއްސާތީ އެކަމެއްގައެވެ. ހުންވެސް ގަދަކޮށެވެ. އަޅުގަނޑުމެންނަށް ދެވެންހުރި ފަރުވާއެއް ދެމުންގެންދެވުނެވެ. އޮފީހާގުޅައިގެން ބޭސްއިތުރަށް ހޯދީމެވެ. މިއަދު މޫދަށް ނެރުނެވެ. ދިހަވަރަކަށް މީހުންމޫދަށް ނުކުތެވެ.

30 މެއި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 524 ވަނަ ދުވަހެވެ. މިއަދު ސައްޕެއާއި ރިޝްވާނު މާލެ ގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ސައްޕެގެ ހާލުހުރީ ތަންކޮޅެއް ރަނގަޅުވެފައެވެ. އެހެނަސް ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. ސައްޕެ ޖަލުގައި ހުންނަވައިގެން ފަރުމާކުރި އާޖަލުގެ ކުރެހުން، މާލެގެންގޮސް ހުށަހެޅުއްވި ވާހަކަ ސައްޕެބުންޏެވެ. އަދި އިލްޔާސް އަބްދުﷲ  ރޯދަމަސް ނިމުމުން އަނެއްކާވެސް އަރުވާލުމަށް ޕްރިސަންސަށް ގެންގޮސްފައި އިންނަވަނިކޮށް ސައްޕެއާ ބައްދަލުވިކަމަށް ބުންޏެވެ.

އިލްޔާސް އަބްދުﷲގެ ސަލާމް އަޅުގަނޑުމެންނަށް ގެނެސްދެއްވިއެވެ. މިއަދު ވިސާމާއި އާދިލް ގޭގެމީހުންނާ ބައްދަލުކުރުން އޮތެވެ. ވަކިއާޚަބަރެއް ނުލިބެއެވެ. މާދަމާއަކީ، ސިގިރޭޓްނުބޯ ދުވަސްގޮތުގައި ފާހަގަކުރާ ދުވަހެއްގެ ގޮތުގައިހަމަޖެހި އެކަންރަސްމީގޮތުން ފާހަގަކުރާ ޚަބަރުލިބުނެވެ. ސަރުކާރުގެ އެއްވެސް ތަނެއްގައި ސިގިރޭޓު ނުބުއިމަށް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ގޮވާލެއްވި ޚަބަރުވެސް މިއަދު ރޭޑިޔޯއިން ލިބުނެވެ.

31 މެއި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 525 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. މަންމައަށް ސިޓީއެއް ލިޔެލަން ހިތަށްއެރިއެވެ. އެހެނަސް މާދަމާ ލިޔެލާނީއޭ ހިތަށްއަރާ އެކަން ހުއްޓާލީއެވެ.

1 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 526 ވަނަ ދުވަހެވެ. މިއަދު ލޮބުވެތިމަންމައަށް ސިޓީއެއްލިޔެ ގެއަށްފޮނުވާ ލުމަށްޓަކާ ޖަލުގެ އޮފީހާހަވާލު ކުރީމެވެ. މިއަދު މުފިއްޓެ މާލެގެންދިޔައެވެ. އަދި މިއަދު އަޅުގަނޑުގެ ކޮއްކޮ އިފްހާމް ހުސައިން ލަންކާއަށް ކިޔަވަންފުރި ޚަބަރުލިބުނެވެ. މިއީ އަމިއްލަޚަރަދުގައި ލަންކާގައި ހުރެގެން ކިޔެވުމަށް ކުރާ ދަތުރެކެވެ.

2 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 527 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވާރޭ ފުދޭވަރަކަށް ވެހުނެވެ. ތާނގީއަށް ފެންނަގާ ފުރާލެވުނެވެ. އަދި ގަސްއިންދުމުގެ ޕްރޮގްރާމެއް ބޭއްވުނެވެ. މިތާތެރޭގައި ޓުމާޓޯގަސް އިންދީމެވެ. އަދިފަޅޯ ގަސްއިންދީމެވެ. އަދިބޭރުން ސަރަހައްދެއް ހޯދައިގެން ގަސްއިންދަން ފެށުމަށް ރޭވުނެވެ. އަންނި ރުކެއްރާ ކުރަންވެސް ވާހަކަ ދެއްކެވިއެވެ.

3 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 528 ވަނަ ދުވަހެވެ. މިއަދު ނާސިރު މާލެގެންދިޔައެވެ. ރޭގައި ސިފައިންގެ ނާޒިމް މިބަޔަށް ވެންނެވިއެވެ. އަޅުގަނޑު ގާތުގައި ބޭނުންވާ މީހަކަށް މޫދަށް ނުކުމެވޭނެ ކަމަށާއި ކުޅެންބޭނުންވާ މީހަކަށް ކުޅެންވެސް ނުކުމެވޭނެ ވާހަކަބުންޏެވެ. ނާޒިމް ބޭނުންވަނީ ވީހާބޮޑަކަށް ދޫދޭށެވެ. މިއަދު، އެލިޔާގައި އުޅުނު، ނިޒާރު ކޯޓަށް ގެންގޮސް އޭނާގެމައްޗަށް ކުރެވުނު ސަލްޓަންޕާކުގެ ކަޓޫރާބޮމުގެ މައްސަލައިގެ ޝަރީއަތް ސާބިތުނުވާ ކަމެއްގެގޮތުގައި ނިންމަވާލެއްވި ޚަބަރުލިބުނެވެ. އަދި އިފްހާމްގެ ސިޓީއެއް ލިބުނެވެ. އޭގައި އޭނަ، އެކެއް ޖޫންގައި ލަންކާއަށް ކިޔަވަން ދިއުމަށް، ފުރާވާހަކަ ލިޔެފައިއޮތެވެ. އަދި ގޭގެހުރިހާ ކަމެއްވެސް ރަނގަޅުކަމަށް ލިޔެފައި އޮތެވެ. މާމަގެހާލުވެސް މުޅިން ރަނގަޅުކަމަށް ލިޔެފައިއޮތެވެ.

4 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 529 ވަނަ ދުވަހެވެ. މިއަދު އީރާނުން އަޅުގަނޑަށް ފޮނުވަމުން ގެންދާ މަޖައްލާއެއް ކަމުގައިވާ، “މަހްޖޫބާ” މަޖައްލާގެ ކޮޕީއެއް ގެއިން ފޮނުވާފައިއޮތެވެ. އަދި ޕްރިސަންސް ޑިވިޒަނަށް، ގާމާދޫގައި ހުންނަ އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދާ ބައްދަލުކޮށް ދިނުންއެދި ސިޓީއެއް ލިޔުނީމެވެ.

5 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 530 ވަނަ ދުވަހެވެ. މިއަދު ބޭނުންވާހާ ބަޔަކު އެކުގާ މޫދަށްނެރެދިނެވެ. ދިހަމީހުންނަށް ވުރެގިނަ ވެއްޖެނަމަ ނެރެނީ ދިހަމީހުން ދިހަމީހުނަށް ބަހާލައިގެން ދެބުރަށެވެ. އަޅުގަނޑު މޫދަށްދިޔައީ ފުރަތަމަ ބުރުގައެވެ. ފަހުބުރުގައި މޫދަށް ދިޔައީ، މުފިއްޓޭ އެކަންޏެވެ. އޭނައަކީ އަބަދުވެސް އެކަނި ބޭރަށް ނުކުމެވޭތޯ ބަލާމީހެކެވެ. މިކަހަލަބައެއް ކަންތަކުން މީނާއާއި ޖަލުގެ އިސްވެރިންގެ ތެރެއިން ބަޔަކާގާތް ގުޅުމެއް އޮންނަހެންވެސް ހީވެއެވެ.

6 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 531 ވަނަ ދުވަހެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެން ދިޔަދުވަހެކެވެ.

7 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 532 ވަނަ ދުވަހެވެ. މިއަދު ނާސިރު މާލެ ގެންދިޔައެވެ. އަދި މިއަދަކީ ހައްޖުމަހުން، 6 ވަނަ ދުވަހެވެ. ހިޖްރީސަނަތުން، 1412 ވަނަ އަހަރެވެ.

8 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 533 ވަނަ ދުވަހެވެ. މިތާގައި ބަންދުގައި ހުންނަ، އަބްދުލްޣައްފާރު މިއަދު ހިންމަފުށީ ކޯޓަށް ގެންދިޔައެވެ. އެހެނަސް ގާޒީނެތިގެން އެއްވެސްކަމެއް ނުހިންގުނެވެ. އަނބުރާޖަލަށް ގެނައީއެވެ. މީނާއަކީ ސިޔާސީ ބަންދެއްގައި ހުންނަމީހެއްނޫނެވެ. ދޮންދަރިއަކާ ބެހިގެން ޖަލުގައި ހުންނަމީހެކެވެ. މިދުވަސްވަރަކީ މިކަހަލަ ޝަރީޢަތްތައް ވަރަށް ސިއްރުންކުރާ އިރެކެވެ. ހީވަނީ ހިންމަފުށީ ކޯޓުން ހުކުމްއިއްވަން ރާވަނީވެސް އެކަހަލަކަމެއްގެ ދަށުން ހިނގާ ކަމެއް ހެންނެވެ.

މިއަދު ރޭޑިޔޯއިން ޚަބަރުލިބުނު ގޮތުގައި މާފަންނު ތީމުގޭގެ ބިންގާ ރައީސުލް ޖުމްހޫރިއްޔާ އަޅުއްވައި ދެއްވިއެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ސަލާމަތީ ކަންތަކާއެކު ބިނާކުރައްވާ ރިޔާސީ ގަނޑުވަރެކެވެ. މިގަނޑުވަރު ޑިޒައިންކޮށްފައިވަނީ، ވަރަށްގިނަގުނަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހިމަނައިގެން ކަމަށް އަޑުއިވިފައި ވެއެވެ. ރާއްޖޭގެ ވެރިމީހާއަށް މިފަދަ ތަނެއް ބިނާކުރެވިފައި ހުރުމަކީ ރައްޔިތުންގެ އިއްޒަތާއި ޝަރަފް ރަމްޒުކޮށްދޭނެ ކަމެކެވެ. އަހުރެން ތާއީދު ކުރާކަމެކެވެ.

9 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 534 ވަނަ ދުވަހެވެ. މިރޭ ރޭޑިޔޯ ޚަބަރުގައި ރައްޔިތުން މަޖިލީހުން ހުސްވެފައިވާ މާލޭގޮނޑިއަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކުރެއްވި ޚަބަރުލިބުނެވެ. އެލިސްޓުގައި، 11 ބޭކަލުންގެ ނަންއޮތެވެ. ވޯޓުލުން އޮންނަނީ ޖުލައި، 3 ވަނަ ވާހުކުރު ދުވަހުއެވެ. މަޝްހޫރު ކެންޑިޑޭޓުންގެ ތެރޭގައިހިމެނެނީ، އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާއި އެކްސްރޭ އާތިފާއި އައްނަބީލް އިބްރާހީމް ނޫރައްދީނާއި މާދޫގޭ އަހްމަދު އަސްލަމާއި ރީކޯމޫސާމަނިކާއި އަހްމަދު މުއިޒު އެލްއެލްބީ އެވެ.

ދެންތިއްބެވި ގްރޫޕްގެ ތެރޭގައި ހިމެނެނީ، ހަސަންނޫރީއަކާއި އަބްދުﷲ ރަޝީދަކާއި އަހްމަދުޙަލީމަކާއި މުހަންމަދު އަބޫބަކުރު ފުޅަކާއި ސިއްކައިބްރާހީމް އިސްމާއީލް މަނިކުފަދަ ބޭފުޅުންކޮޅެކެވެ. މިދެންނެވި، 11 ބޭފުޅުންނެވެ. ޖަލުގައި ތިބޭއިރު މިފަދަ މައުލޫމާތަކީ ވަރަށް ޝައުގުވެރި ކަމާއެކު އަޑުއަހާ ނޯޓުކޮށްހަދާ މައުލޫމާތެވެ. މިއަދު ހަވީރުވަގުތެއްގައި އަންނި ގޭގެ ބޭފުޅުންނާ އެކު ބައްދަލުވުމެއް ޖަލުގެ ސަރަހައްދުގައި އޮތެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ.

މިއަދު ހަވީރު ވަގުތެއްގައި އިސްތަފާ އިބްރާހީމް މަނިކު ޖަލަށްވަޑައިގެން އަޅުގަނޑުނެރެ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. ވަރަށްވާހަކަ ދެއްކެވިއެވެ. އަދި އަޅުގަނޑު ސިޓީއަކުން އެދިފައިހުރި ހުރިހާކަމެއް ހަމަޖައްސައި ދެއްވިކަމަށް ވިދާޅުވިއެވެ. އަދި މިކަންމިކުރެއްވީ ރައީސް މައުމޫނާ މަޝްވަރާ ކުރައްވައި އެމަނިކުފާނުގެ ދީލަތިއެހީ ފުޅުންކަމުގައި އަޅުގަނޑަށް ވިސްނައި ދެއްވިއެވެ. އަދި ޖަލުގައި ރަނގަޅަށް އުޅުމަށް ނަސޭހަތްތެރި ވެލެއްވިއެވެ.

އަޅުގަނޑު އެދުނުގޮތަށް ގޮޅިންބޭރަށް ނުކުތުމަށާއި ކަސްރަތުކޮށް ވޮލީކުޅެއުޅުމަށް އަދި މިސްކިތަށް ދިއުންފަދަ ހުއްދަތައް ހަމަޖެހިފައި ހުންނާނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު މެންގެތެރެއިން ފަސްމީހަކު ހަމަޖައްސައި ޖަލުގެ އެންމެން ފަސްބަޔަށްބަހާއި މިއިންކޮންމެ މީހަކާ ގްރޫޕެއް ހަވާލުކޮށް ފޮތެއްގައިލިޔެ އެކަންތައް އެފަސްމީހުންނާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދިމިކަމުގެ ޒިންމާ އުފުލާގޮތަށް އެފަސްމީހުންނާ މިކަންތައް ހަމައެދުވަހު ހަވާލުކުރެވުނެވެ.

މިގޮތުން ހަމަޖެއްސި ފަސްގުރޫޕްގެ ފަސްލީޑަރުންނަކީ، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމާއި ވިސާމާއި ކަރޯރިޝްވާނާއި މުފިއްޓޭއާއި އަބްދުލް ޣައްފާރެވެ. މިމީހުންމިކަންތައް ކުރޭތޯބެލުމަކީ އިލްޔާސްގެ ކަމެއްކަމަށް އިސްތަފާ، އަޅުގަނޑުގާތުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑުގެ ކޮއްކޮ އިބުރޭ ވަރަށް އަވަހަށް ޖަލުގެ މިބަޔަށް ބަދަލުކޮށްދޭނެ ވާހަކަވެސް އިސްތަފާ ވިދާޅުވިއެވެ. މިބައްދަލުވުން ނިމުނީ އިރުއޮއްސުނު ފަހުންނެވެ.

ރޭގަނޑު، 10 ޖެހިތަނާ ޖަލުބަލަހައްޓާ ނަސީމު، އިބުރޭއާއި އިބުރޭގެ ސާމާނާއެކު މިތަނަށްގެނެސް މިބަޔަށް ވައްދައި އަޅުގަނޑުގެ ކޮޓަރީގައި ހުންނަގޮތަށް ހަމަޖެއްސެވިއެވެ. ދެން މިބައިގާ ހުސްކޮށް ހުންނާނީ އެކެއްގެޖާގައެވެ. 17 މީހުން އަނެއްކާވެސް ހަމަވީއެވެ. އިބުރޭ އެއްތަނެއްގައި އެއްކޮޓަރިއެއްގައި އުޅޭގޮތަށް ހަމަޖެހުމުން ވަރަށް އުފާވިއެވެ. ޕާކިސްތާނުގައި ކިޔަވަން ތިބިއިރުވެސް އަޅުގަނޑުމެން ދެމީހުން އުޅުނީ އެކުގައެވެ. އެއް ކޮޓަރީގައެވެ. މިހާތަނަށް އަޅުގަނޑު އެދުނު ހުރިހާކަމެއް ހަމަޖެހިގެން ދިއުމުން، ﷲއަށް ޝުކުރު ދަންނަވާއި ދުޢާކުރީމެވެ.

10 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 535 ވަނަ ދުވަހެވެ. މިއަދަކީ ހައްޖުވެރިން ޢަރަފާތުބިމުގައި ތިބޭދުވަހެވެ. ހިޖްރީގޮތުން، 1412 ވަނަ އަހަރުގެ ޢަރަފާތް ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ރޭޑިޔޯއިން މިކަންތައް އެނގުނެވެ. މިއަދު މެންދުރު ނަމާދަށް މިސްކިތަށް ދިއުމަށް ހުއްދަލިބުމާ ގުޅިގެން ފުރަތަމަފަހަރަށް މިސްކިތަށް ނުކުތީމެވެ.

މިއީޖަލުގައި މިސްކިތަށް ނަމާދަށް ދެވުނު ފުރަތަމަ ފަހަރެވެ. އަދި ހަވީރު އެންމެން އެކުގައި ކުޅޭށާއި ކަސްރަތަށް ބޭރަށް ނެރުނެވެ. 4:15 އިން 5:15 އަށެވެ. ވޮލީއާއި ފުޓްބޯޅަކުޅެ ނިމިގެން ޖަލުތެރެއަށް ވަނީމޫދަށް ވެސް އެރިފައެވެ. މިހާރު ހީވަނީ މިނިވަން ބައެއްހެނެވެ. މިކަމާހުރިހާ ގައިދީންވެސް ވަރަށް ހިތްހަމަޖެހުނެވެ. ހުރިހާ ނަމާދަކަށް މިސްކިތަށް ނުކުމެވެން ފެށީއެވެ. އަލްޙަމްދު ލިއްލާހި!

11 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 536 ވަނަ ދުވަހެވެ. އާދެ! މިއަދަކީ ބޮޑުޢީދު ދުވަހެވެ. 1412 ވަނަ އަހަރުގެ ޢީދުލްއަޟްޙާ ދުވަހެވެ. މާއާޒު، ސައްޕެ، ހަންނާނުއަށް އެބޭފުޅުންގެ ގޭގެއިންކާނާ ފޮނުވިއެވެ. އެންމެން އެކުގައި ވަރަށްމަޖާ ކެއުންގަނޑެއް ކާގޭގައި ތައްޔާރުކޮށްގެން ކެއުމެއްއޮތެވެ. މިއަދު ފަތިސްނަމާދު މިސްކިތުގައި ކުރުމަށް ފަހު އައިސްނިދާފައި އޮއްވާފެނުނު ހުވަފެނަކީ، އަޅުގަނޑުގެ ރަހްމަތްތެރި އައިންތުއާއެކު މާލެއައިސް ޖަވާހިރުވާދީ ތެރޭގައި އުޅޭތަނެވެ. އައިންތު މާލެއައިސްހުރީ އޭނާގެ ބިދޭސީ ފިރިމީހަގާތުން ވަރިވެގެންނެވެ.

އައިންތުއާއެކު ރީތިރީތި ދެދަރިކަލުން ވެސް ތިއްބާފެނުނެވެ. އަންހެންކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އައިންތު އެކުދިން އަޅުގަނޑަށް ތަޢާރުފްކޮށްދީ ހަދާތަން ފެނުނެވެ. ގޭގެތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ހޭލެވުނުއިރު އޮތީ، ޖަލުގައި އަޅުގަނޑުނިދާ އެނދުގެ ގޮދަޑިމަތީގައެވެ. މިހުވަފެނާމެދު ވިސްނާފިކުރުކޮށް ލީމެވެ. ތަޢުބީރަކަށް ނިންމައި ހިތް ހަމަޖައްސާލީ، ކޮންމެވެސް ދުވަހަކުން އައިންތުއާ އަދި ބައްދަލުވާނެ ކަމަށެވެ. އެހެނަސް އަޅުގަނޑު މެންދެމީހުން ގުޅިގެން ދިރިއުޅުމެއް ނުފެށޭނެ ކަމަށެވެ. ހަޔާތުގެ ބައިވެރިއަކަށް ނުވާނެ ކަމެވެ!

12 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 537 ވަނަ ދުވަހެވެ. ކޮންމެނަމާދު ވަގުތަކަށް މިސްކިތަށް ދާކުދިން ވަރަށް ގިނައެވެ. ބައެއްފަހަރު ފަތިސް ނަމާދަށް ބަންގިގޮވަން ޖެހެނީ އަޅުގަނޑަށެވެ. މިއީ އިމާމަކަށް ވަކިމީހަކު ހަމަޖައްސާފައި ނުހުންނާތީ ވާގޮތެވެ. މިސްކިތުގައި ބަންގި ގޮވާށާއި ޖަމާއަތުގައި ނަމާދުކޮށް ދޭން އަމަލީގޮތުން ދަސްވީ ޖަލުގެ މިސްކިތުންނެވެ. މިއީ ކިޔެވި އިރުވެސް ކުރިކަމެއް ނޫނެވެ.

13 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 538 ވަނަ ދުވަހެވެ. ކުޅުމަށާއި މޫދަށް އެންމެން ނެރުނެވެ. މިއަދު ކެޕްޓަން މުއާޒަށް އެނާގެ ގެއިން އޭނާއަށް ކާނާލިބުނެވެ.

14 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 539 ވަނަ ދުވަހެވެ. ރޭޑިޔޯއިން އެނގުނުގޮތުގައި މިއަދަކީވެސް ރަސްމީ ބަންދު ދުވަހެކެވެ.

15 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 540 ވަނަ ދުވަހެވެ. މިއަދު ހަވީރު ކުޅިވަރަށާއި މޫދަށް ނެރުނެވެ. މިއަދަކީ، ޢީދުބަންދުގެ ފަހުދުވަހެވެ.

16 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 541 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދަށްފަހު، ރަސްމީކޮށް އޮފީސްތައް ހުޅުވުނު ދުވަހެވެ. ރޭގައި ނިދާފާއޮއްވާ ފެންނަހުވަފެނަކީ، ބިޝާރާއިބްރާހީމް ދީދީއާ އެކު ދާންނާގޭގައި މަޖާކުރަން އުޅެނިކޮށެވެ. ބިޝާގެ ބައްޕަ އިބުރާހީމް ދީދީ ވެސް އުޅުއްވާތަން ފެނެއެވެ. މިއީ ވަރަށްމަޖާ ހުވަފެނެކެވެ. އަދި ބިޝާރާގެ މަންމަވެސް އެގޭތެރޭގައި އަޅުގަނޑު މެންނާއެކު އުޅުއްވާތަން ފެނުނެވެ. ހޭލެވުމަށް ފަހު، އައިންތު ފެނުނުރޭގެ މަތިންހަދާން ވިއެވެ.

17 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 542 ވަނަ ދުވަހެވެ. ރޭގައި އެކުގައި ތިބީ ހޭލައެވެ. ނުނިދައެވެ. ވޮލީކުޅޭނެ ދާގަނޑެއް ގަތަންވެގެންނެވެ. ދާގަނޑުގެ ބޮޑުބައި ގަތައިދިނީ، އަބްދުލްޣައްފާރެވެ. އޭނާއަކީ އެއްވެސް ކުޅިވަރެއްކުޅޭ މީހެއްނޫނެވެ. އެހެނަސް ކުޅިވަރަށް ފޯރިދޭމީހެކެވެ. އަޅުގަނޑުމެން ކުޅޭތަން ކޮންމެ ދުވަހަކުވެސް ބަލަން ނުކުންނާނެއެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދުހަވީރު ޖަލުގެ މިބަޔަށް އިސްތަފާ އާއި ގަސް އިބްރާހީމް މަނިކު ޒިޔާރަތް ކުރެއްވިއެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ.

18 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 543 ވަނަ ދުވަހެވެ. މިއަދު ކޮއްކޮ އިބުރޭ އޭނާގެ އަންހެނުން އަންދިއާއި ދަރިފުޅު ނީޝާނާ ބައްދަލުކުރިއެވެ. އަދި އަޅުގަނޑާއި އިބުރޭއައި ދެމީހުންނާ، ދޮންދައްތައާއި ފިދާއާއި ވިދާއާއި ޖެފްރީއާއި މާއުއާއި މަންމައާއި ތުއްތައާއި ތުއްތުބޭއާ އެންމެންއެކުގައި ބައްދަލުވުން އޮތެވެ. އެންމެންއެކުގައި ބައްދަލުވުމުން ވަރަށް އުފާވިއެވެ. މާމަގެހާލު އޮޅުންފިލިއެވެ. އަދި މިދުވަސްކޮޅު ވަރަށް ރަނގަޅުކަމަށް ބުންޏެވެ.

ގެއިންބައެއް ސާމާނާއި ކެއުމުގެބާވަތްތައް ލިބުނެވެ. ކޮއްކޮއާއި ދެމީހުން އެއްކޮޓަރިއެއްގައި އުޅޭތީ ވަރަށްގިނަ ކަންތަކަށް ފަސޭހައެވެ. އަދި ޢަރަބި ޑިކްޝެނެރަރީއެއް ކަމުގައިވާ “އަލްމައުރިދު” މިއަދު ގެއިންލިބުނެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މަންމަ ދެއްވިޚަބަރެއް ލިޔެލާނަމެވެ. ވަކިވަކިން ޒާހިރު ހުސައިނާއި އިސްތަފާއާއި މުހަންމަދު ރަޝީދުއިބްރާހީމާ ސީނާޒާހިރު، މިއެންމެންނާ މަންމަ ބައްދަލުކުރީމޭ ބުނުއްވިއެވެ.

ޒާހިރުހުސައިނުގެ ވާހަކަފުޅުތައް ވަރަށް ރަނގަޅުކަމަށް މަންމަ ބުނެދެއްވިއެވެ. ވަރަށް އޯގާތެރިކަމާއެކު ވާހަކަދެއްކެވި ކަމަށް ބުނުއްވިއެވެ. އެހެންބޭފުޅުންގެ ވާހަކަތައް މާރަނގަޅު ނޫންކަމަށް މަންމަ ބުނެދެއްވިއެވެ. އަދި މިއަދު އަބްދުﷲ ސަލީމާއި ހަންދުއާއި ބިގޭއާއި ކިޔޮޅު، ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި ކޯޓަށް ގެންދިޔަ ޚަބަރު ލިބުނެވެ. ކުރީދުވަހު ކޯޓަށްދީފައިވާ ބަޔާނުގައި ސޮއިކުރުވުމަށެވެ.

19 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 544 ވަނަ ދުވަހެވެ. މިއަދު މޫދަށާއި ކުޅެން ބޭރަށް ނެރުނެވެ. އަބްދުއްރައްޒާގަށް އޭނާގެގެއިން ފޮތާއި ފަންސޫރާއި ވޯކްމަނެއް މިއަދު ލިބުނެވެ.

20 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 545 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ސިފައިންގެ ވެރިއެއްކަމުގައިވާ، މޫސާއަލީ ޖަލީލާއި ނާޒިމާއި އަދި މީގެއިތުރުން، ޓާސްކްފޯސްގެ ތިންބޭފުޅުން ވަޑައިގެންނެވިއެވެ. މައިގަނޑު ގޮތެއްގައި އެބޭފުޅުން ބައްދަލުކުރީ ސައްޕެއާއެވެ. ސައްޕެ މުޅިންއާގޮތަކަށް ޖަލެއްފަރުމާ ކޮށްދޭތީ އެކަމާޚިޔާލު ބަދަލުކޮށް ލުމަށް ވަޑައިގެންނެވި ވަޑައިގަތުމެއް ކަމަށްވެއެވެ.

ސައްޕެ ކުރަހަމުންދިޔަ ފަތްފުށްތައް ބައްލަވައި ލެއްވިއެވެ. އަދި ސައްޕެކޮޓަރީގެ ފާޚާނާވެސް މިބޭފުޅުން ބައްލަވާ ލެއްވިއެވެ. އަދި ސައްޕެއާ ވަރަށްވާހަކަ ދައްކަވާ ހެއްދެވިއެވެ. އެއަށްފަހު އެބޭފުޅުން ވަޑައިގަތީ އެވެ. އިތުރުއެހެންކަމެއް ނުކުރައްވައެވެ. އަޅުގަނޑުގެ ހާލުއަހުވާލު މޫސާޖަލީލި އައްސަވާ ލެއްވިއެވެ. އެއީ އަބަދު ވެސް ހިތްހެޔޮ ގޮތެއް ބަހައްޓަވާ ބޭފުޅެކެވެ. އަބަދުވެސް މީނާއަކީ އަޅުގަނޑާ ވާހަކަދައްކަވާ ހައްދަވާ ބޭފުޅެކެވެ. އަދި މިއަދު އަބްދުއްރައްޒާގު ގެއަންހެނުން އޭނަޔާ ބައްދަލުކުރިއެވެ. އޭނާއަށް ގެއިންކާނާ ވަށިގަނޑެއް މިއަދުލިބުނެވެ.

21 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 546 ވަނަ ދުވަހެވެ. މިއަދުވެސް ކުޅޭށާއި މޫދަށް ނެރުނެވެ.

24 ޖޫން 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 549 ވަނަ ދުވަހެވެ. މިދިޔަދެދުވަހު ޚާއްސަކަމެއް ނުހިނގައެވެ. މިއަދު އަންނިކޮއްކޮ ނާޒިމް އަންނި އާބައްދަލު ކުރުމަށް ޖަލަށްއައެވެ. ނާޒިމް ވަރަށް ގިނަޚަބަރުތައް އަންނިއަށް ގެނެސްދިނެވެ. މިއަދު އިސްތަފާ މެންވެސް ޖަލަށް ވަޑައިގެން އުޅުއްވިޚަބަރު ލިބުނެވެ. އެހެނަސް މިބަޔަށް ނުވަންނަވައެވެ.

އަދި ވިންޓަރޝަރީފު އެބޭފުޅުންގެ އަރިހަށް ނެރުނެވެ. ވިންޓަރާ ބައެއްވާހަކަތައް ދައްކަވާ ލެއްވުމަށެވެ. ވިންޓަރަކީ ޖަލުގައި ހުރެގެން ގާނޫނުއަސާސީ ދަސްކޮށްގެން އެބޭފުޅުންނާ އެކު ވަރަށް ޖަދަލުކުރައްވާ މީހެކެވެ. ގާނުނުއަސާސީން ބޮޑުބައެއް ވިންޓަރު ހިތުދަސް ކަމަށްވެއެވެ. ސިޓީންނާއި އަނގަބަހުން މިބޭފުޅުންނާ އެކު ޖަދަލުކުރުން ވިންޓަރުގެ ފަރާތުން، އަބަދުވެސް އޮވެއެވެ. އެއީ އޭނާގެ އާދައެވެ. ހައިކޯޓާއި ސުޕުރީމް ކޯޓަސް އޭނާގެ މައްސަލަ ލާންވެސް ރާވައެވެ.

25 ޖޫން 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 550 ވަނަ ދުވަހެވެ. މިއަދު، އަލިފާނުގެ ހާދިސާގައި ބަންދުކޮށްފައިވާ ކާދޫއިބުރޭ މާލެގެންދިޔައެވެ. ހަންނާނާއި މުއާޒާއި ސައްޕެ، މިތިންމީހުން، ގޭގެ މީހުނާ މިއަދު ބައްދަލުކުރިއެވެ. އެތިންމީހުންނަށް ވެސް ގެއިން ކާނާލިބުނެވެ.

26 ޖޫން 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 551 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދު ކުޅުނީފުޓް ބޯޅައެވެ. ވަރަށްމަޖަލެވެ.

27 ޖޫން 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 552 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ.

28 ޖޫން 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 553 ވަނަ ދުވަހެވެ. މިއަދު އަންނި އޭނާގެ ބައްޕަ އަބްދުއްސައްތާރާ ބައްދަލު ކުރެއްވިއެވެ. އަންނިއަށް ގެނިން ކާނާވަށިގަނޑެއް ލިބުނެވެ. ވަރަށްގިނަ ސާމާނު ހުއްޓެވެ. އަންނިއަށް އެއްޗެހިލިބޭ ދުވަހަކީ އަޅުގަނޑު މެންނަށް އީދެއްއަންނަ ދުވަހެކެވެ. އެންމެންނަށް ކާންދޭނެއެވެ.

29 ޖޫން 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 554 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. އެހެންވަކި ޚާއްސަކަމެއް ނެތެވެ.

30 ޖޫން 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 555 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. އަނބުރާ ޖަލަށް ގެނައީވަރަށް ހަވީރުވެފައި ވަނިކޮށެވެ.

1 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 556 ވަނަ ދުވަހެވެ. މިއަދުވެސް އަންނި މާލެގެންދިޔައެވެ. ގެއަށް މަންމައަށް ސިޓީއެއްލިޔެ ފޮނުވީމެވެ. ކަރޯއައްބާސް ދަރިފުޅު، ރިޝްވާނަށް ގެއިން ބައެއް ސާމާނުލިބުނެވެ.

2 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 557 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ހިޖްރީ އާއަހަރު ފެށުނުދުވަހެވެ. 1413 ވަނަ އަހަރުގެ މުޙައްރަމުމަހުން އެއްވަނަ ދުވަހެވެ.

3 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 558 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

4 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 559 ވަނަ ދުވަހެވެ. މިއަދު ވެސް އަންނި މާލެ ގެންދިޔައެވެ. ވަކިޚާއްސަކަމެއް ނެތެވެ.

5 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 560 ވަނަ ދުވަހެވެ. މިއަދަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ވަރަށް ގިނައިރު ވާރޭވެހުނެވެ. ވާރެއައި ތެމުނީމެވެ. ވާރޭ ފެން ނެގީމެވެ.

6 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 561 ވަނަ ދުވަހެވެ. މިއަދަކީވެސް ވައިގަދަ ވިއްސާރަ ދުވަހެކެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މޫދަށްނުކުތީ، އަޅުގަނޑާ އެކު ދެތިން މީހުންނެވެ.

7 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 562 ވަނަ ދުވަހެވެ. ރޭގައި ވިންޓަރ ޝަރީފް ޖަލުއޮފީހަށް މިތަނުން ނެރެގެން ގެންދިޔައެވެ. އޭނަޔަށް އެންގީ ހައިކޯޓަށް މާދަމާ ދާންޖެހޭނެ ވާހަކައެވެ. އެހެނަސް މާދަމާ ހައިކޯޓަށް ދެވޭނީ، ވިންޓަރުގެ ބޯކޮށާއި އިސްތަށިގަނޑު ރީތިކޮށްގެންކަމަށް އެންގެވިއެވެ. ވިންޓަރަކީ ވަރަށްބޯދިގުކޮށް ބަހައްޓާމީހެކެވެ. ތުނބުޅިއާއިބޯ އެއްގޮތަކަށް ވެސް ކޮށާހަދާ މީހެއްނޫނެވެ.

ބޯކޮށާހަދައިގެން، 10 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް ވިންޓަރ ޝަރީފަށް ޖަލުއޮފީހުން އެންގިއެވެ. އެހެނަސް އޭނަމާލެއަށް ހައިކޯޓަށް ގެންދަންބަލާ އައިއިރުބޯނުކޮށާ ހުރެގެން މާލެއަށް މިއަދު ނުގެންދެއެވެ. މިއަދުމާލެ ގެންދިޔައީ މުފިއްޓޭ އެކަންޏެވެ. އޭނަގެމަންމައާ ބައްދަލުވެލަން ކުޑަވަގުތުކޮޅަކަށް ގެއަށްގެންދަނީއެވެ. ވިންޓަރ ޝަރީފް ގޮތްނުދޫކޮށް ބޯނުކޮށާ ހުރެގެން އޭނާއިސްތިއުނާފަށް ހުށަހަޅާފަވާ މައްސަލައަކަށް ހައިކޯޓަށް މިއަދުދެވޭގޮތް ނުވީއެވެ.

މިއީ ސަރުކާރުން މެދިވެރި ކޮށްގެން ވާނެ ޝަރުތެއް ނޫނެވެ. އަމިއްލަނަފްސުގެ ދިފާއުގައި އިސްތިއުނާފަށް މައްސަލަލުމުގެ ފުރުސަތުދީފައި ކޯޓަށް ހާޒިރުކޮށް ނުދިނުމަކީ މީހެއްގެހައްގަށް، އަމިއްލަހައްގަށް އުނިކަމެއް އަންނާނެ އަމަލެކެވެ. ލާގަމީހަކުން، އަދި ފިތްރަތީގޮތުން މީހާ ހުންނަ ގޮތަކަށް، ނުވަތަ ސިފައަކަށް ބަލާފައި މިކަހަލަހައްގެއް އުނިކުރުމުގެ ބާރުސިފައިންނަށް ލިބިގެނެއް ނުވާނެއެވެ. ކޮންމެއަކަސް މިއަދު ހައިކޯޓަށް، ވިންޓަރ ޝަރީފަށް ދެވޭގޮތެއްނުވިއެވެ.

8 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 563 ވަނަ ދުވަހެވެ. މިއަދުކުރި މަސައްކަތަކީ، އަޅުގަނޑުގެ ހުކުމްތަކުން އަފޫކޮށް ދެއްވުންއެދި، ރައީސް މައުމޫނަށް ލިޔާނެސިޓީއެއް އެކަނިއިނދެގެން ޑްރާފްޓްކުރުމެވެ. ވަރަށް ގިނަވާހަކަތައް އެސިޓީގައި ގެނައިމެވެ. އަފޫކުރުމަކީ، ﷲ ރުހިވޮޑިގެންވާ އެންމެމާތްސިފަ ކަމަށާއި އަފޫކުރާމީހަކީ ދެދުނިޔޭގައި އެންމެދީލަތި، އަދި ﷲ އެންމެ ރުއްސަވާ އިންސާނާކަމަށް އެސިޓީގައި ލިޔުނީމެވެ. އަދި ﷲ ސުވަރުގެ ވައްދަވާ މީހުންގެ ތެރޭގައި އަފޫކުރާމީހާ ހިމެނޭކަމަށް ވެސް ލިޔުނީމެވެ. އަދި އަފޫކުރެއްވުމަށް ފަހު، އެމީހަކަށް އިތުބާރުކޮށް ގާތްކުރުމަކީ މާތްވެގެންވާ ރީތިސިފައެއް ކަމުގައި ލިޔުނީމެވެ. ލިޔެނިންމާފަ މިޑްރާފްޓް ދެތިންފަހަރަކު ކިޔާލާއި ރަނގަޅު ކޮށްލާފަ ބޭއްވީއެވެ.

9 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 564 ވަނަ ދުވަހެވެ. މިއަދު އަނެއްކާވެސް އިއްޔެޑްރާފްޓްކުރި ސިޓީގެ ކަރެކްޝަން ހަދާލުމަށް ފަހު، ރީތިކޮށް ލިޔުނީއެވެ. އަދި ހަވީރުވަގުތެއްގައި ރައީސް މައުމޫނަށް ރައްދުކޮށްދެއްވުން އެދި، ޖަލުއޮފީހާ އެސިޓީ މިއަދު ހަވާލުކުރީމެވެ. ލިޔުނު ތާރީޚަކަށްޖެހީ، 11 ޖުލައި 1992 ވާ ހޮނިހިރު ދުވަހެވެ. މިހެންހެދީ ސިޓީމާލެ ގެންދެވޭނީ އާދީއްތަދުވަހަށް ވާނެތީއެވެ. މިއަދު ކޮއްކޮއިބުރޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޓޮންސިލް ދުޅަވެގެންނެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.

10 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 565 ވަނަ ދުވަހެވެ. މިއަދަކީ ޑޮކްޓަރ ވަހީދު އިސްތިއުފާދެއްވި ގޮންޑިއަށް، މާލޭގެ ރައްޔިތުންގެ ފަރާތުން މާލޭގެ މެންބަރުކަމަށް މީހަކުހޮވުމަށް އިލެކްޝަން މާލޭ ސަރަހައްދުގައި ބާއްވާދުވަހެވެ. ވޯޓުލާ ދުވަހެވެ. އެންމެފޯރި ގަދަކޮށް ކެންޕޭން ކުރެއްވީ، އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީނު ކަމަށް ޚަބަރުތައް ލިބެއެވެ.

11 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 566 ވަނަ ދުވަހެވެ. އިއްޔެމާލޭގައިއޮތް ރައްޔިރުންގެ މަޖިލީހަށް މާލޭގެ ގޮނޑިޔަށް މީހަކުހޮވުމަށް ބޭއްވިވޯޓުގެ ނަތީޖާއަކީ، 2204 ވޯޓުން އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީން އިންތިޚާބުވެ ވަޑައިގަތުމެވެ. ދެވަނައަށް އެންމެގިނަ ވޯޓުހޯއްދެވީ، އިބްރާހީމް ނޫރައްދީނެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

12 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 567 ވަނަ ދުވަހެވެ. މިއަދު އަބްދުއްﷲ ކަމާލުއްދީން ހޯއްދެވި ކާމިޔާބީއަށް މަރްހަބާ ދެންނެވުމުގެ ގޮތުން، ސިޓީއެއްލިޔެ އޮނަރަބްލް އަބްދުއްﷲ އަށް ފޮނުވައިދެއްވުން އެދިޖަލުއޮފީހާ ހަވާލުކުރީމެވެ. މިއީ އަޅުގަނޑުގެ ވަޒީރަކަށް އިސްލާމީ މަރުކަޒު ހިންގަވަން ހުންނެވި ބޭފުޅަކަށް ވާތީ ކޮށްލެވުނު ކަމެކެވެ.

13 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 568 ވަނަ ދުވަހެވެ. މިއަދުކެޕްޓަން މުއާޒަށް އޭނާގެ ގެއިންކާނާ ފޮނުވިއެވެ. އަދި މިއަދަކީ، އަބްދުލްހަންނާނު އަބޫބަކުރުގެ އުފަންދުވަހަށްވާތީ ރޭގަނޑު، 11:00 މިނެޓްގައި ޖަލުގެ މިބައިގާ ޕާޓީއެއް ބޭއްވީމެވެ. އެންމެން މިހަފްލާގައި އަމަލީގޮތުން ބައިވެރިވެ އުފާފާޅުކުރުން އޮތެވެ.

14 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 569 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދުމަޣްރިބް ނަމާދަށް މިސްކިތަށް އެކަކުވެސް ނުނެރެއެވެ. ބަލާނާންނަނީއެވެ. މިއީމިގޮތަށް ދިމާވެގެން، މިސްކިތަށް ނުނެރުނު ފުރަތަމަ ދުވަހެވެ. އެހެނަސް މީގެކުރިން އެއްދުވަހު ނެރުނުލެއް ލަސްވެފައި ވެއެވެ. މިދެފަހަރުނޫނީ މިކަމުގައި އެއްވެސް މައްސަލައެއް ދިމާވެފައެއް ނެތެވެ.

15 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 570 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ.

16 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 571 ވަނަ ދުވަހެވެ. މިއަދު އަންނި އޭނާގެ ގޭގެމީހުންނާ ބައްދަލުކުރިއެވެ. ޖީދު، އިބްރާހީމް ނޫރައްދީނުގެ އަނބިކަނބަލުން އޭގެތެރޭގައި ހިމެނެއެވެ. މިއަދު ޖަލުއޮފީސް ބަލަހައްޓަވާ، ނަސީމް މިބަޔަށް ވެންނެވިއެވެ. އަޅުގަނޑުމެންގެ ހާލުބަލާލުމަށެވެ.

17 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 572 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.

18 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 573 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް، ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީނަށް މަރްހަބާކިޔާ ފޮނުވިސިޓީ އެމަނިކިފާނަށް ރައްދުކޮށްދީފި ކަމަށް، އަޅުގަނޑަށް ޕްރިސަންސުން ޖަވާބުލިބުނެވެ.

19 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 574 ވަނަ ދުވަހެވެ. ރޭގައި މާފަންނު ދާންނާގޭ ބިޝާރާ، އަޅުގަނޑަށް ހުވަފެނުން ފެނުނެވެ. ޖަވާހިރުވާދީއަށް އައިސް އުޅެނިކޮށެވެ. އަދި މާލޭގައި ހުންނަ، ޔޫއެންއޮފީހުގައި ވެރިޔަކަށް އޭރުހުންނެވި، އެމެރިކާ އަންހެނެއް ކަމުގައިވާ، މިސިޒް މެކްސީން ވެސް ޖަވާހިރުވާދީ ތެރެއިން ފެނުނެވެ. އޭނަޔާ ބައްދަލުކޮށް ޖަލުގެކަންތަކާ ގުޅޭގޮތުން ވާހަކަ ދަށްކަމުން ގެންދާތަނެވެ. ފުދޭވަރަކަށް ދިގުހުވަފެނެކެވެ.

20 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 575 ވަނަ ދުވަހެވެ. މިއަދު އަންނި، ޅ.މެންބަރު އިބޫގެ ވައިފް، ބޮޑުސިއްކަގެ ދަރިފުޅު، ފަޒޫއާ ބައްދަލުކުރިއެވެ. މާލޭގެ ޚަބަރުތައް ލިބުނެވެ. އަޅުގަނޑުމެންނަށް ފަޒޫގެ ސަލާމާއި ހެޔޮއެދުންތައް އަންނި ރައްދުކޮށް ދެއްވިއެވެ. ފަޒޫއަކީ އިޖުތިމާއީ ގުޅުމުގެ ބޭފުޅެކެވެ.

21 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 576 ވަނަ ދުވަހެވެ. މިއަދު ޚާއްސަކަމެއް ނެތެވެ.

22 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 577 ވަނަ ދުވަހެވެ. ޖަލުގެ މިބަޔަށް ގަސްއިބްރާހީމް މަނިކު ވެންނެވިއެވެ. ވަކިޚާއްސަކަމެއް ނުކުރައްވައެވެ. މިބޭފުޅުން މިބަޔަށް ޒިޔާރަތްކުރުމުގެ ސިއްރަކީ ކޮބައިކަން އެއްގޮތަކަށް ވެސް ސާފެއްނުވެއެވެ. ކޮންމެވެސް ބޭނުމެއް އޮންނާނެކަން ކަށަވަރެވެ. ޖަލުގައި ތިބޭގައިދީންގެ ތެރެއިން ބައެއްމީހުންގެ މައިންބަފައިންގެ އެދުމެއް ފުއްދައި ދެނީބާވައޭ ވެސް ހިތަށް އަރައެވެ. ނުވަތަ ހަމައެކަނި އެމީހުންނާ ބައްދަލުވިޔޭ އެވެރިންގެ ހާލުރަނގަޅޭ ބުނެލަދިނުމަށް ކުރައްވާކަމެއް ބާވައޭ ހިތައްއަރައެވެ. އެހެންނޫނީ ޒިންމާދާރު ގޮތެއްގައި ވަޒީފާއަދާ ކުރެއްވުމުގެ ގޮތުން ޖަލުބަލާލަން ވަޑައިގަންނަވަނީ ބާއޭވެސް ހިތަށްއަރައެވެ.

23 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 578 ވަނަ ދުވަހެވެ. މިއަދު ޚާޢްސަކަމެއް ނުހިނގައެވެ.

24 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 579 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ކޮއްކޮއަލީ ރަޝީދު މާލެއަށް ބޭހަށް ގެއަށްގެނައި ޚަބަރުލިބުނެވެ. އޭނަހުންނަނީ ނ.އަތޮޅުރަށަކަށް އަރުވާލާފައެވެ.

25 ޖުލައި 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 580 ވަނަ ދުވަހެވެ. ރޭގެޚަބަރުގައި އެމެރިކާގެ ޖޭމްސްބޭކަރ ރާއްޖެ ވަޑައިގެން ރައީސް މައުމޫނާ ބައްދަލު ކުރެއްވި ޚަބަރުލިބުނެވެ. މިއީ އަޅުގަނޑު މެންނަށް ފިނިކަމެއް ގެނެސްދިން ޚަބަރަކަށް ވިއެވެ.

26 ޖުލައި 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 581 ވަނަ ދުވަހެވެ. މިއަދަކީ ރާއްޖޭގެ މިނިވަން ދުވަހަށްވާތީ ރަސްމީބަންދު ދުވަހެކެވެ. ރަސްމީޖަލްސާއެއް ބޭއްވެވިކަން އެނގިފައެއް ނެތެވެ. ރޭޑިޔޯޚަބަރުން އިވިފައިނެތީއެވެ.

27 ޖުލައި 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 582 ވަނަ ދުވަހެވެ. މިއަދަކީވެސް ރަސްމީބަންދު ދުވަހެކެވެ، މިނިވަން ދުވަހުގެ މުނާސަބަތުގައެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ވަރަށް މަޖާދުވަހެކެވެ.

28 ޖުލައި 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 583 ވަނަ ދުވަހެވެ. މިއަދު ދޮންދައްތައާއި އަންދިއާއި ނީޝާނާއި މަންމަ، އަޅުގަނޑާއި ކޮއްކޮ އިބުރޭއާ ބައްދަލުކުރިއެވެ. ގެއިން ވަރަށްގިނަ ސާމާނުލިބުނެވެ. ގިނައީކެއުމުގެ ސާމާނެވެ.

29 ޖުލައި 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 584 ވަނަ ދުވަހެވެ. މިއަދު ރަސްމީކޮށް ޖަލުއޮފީހުން ވޮލީ ދެބޯޅައާއި ދާގަނޑެއް މިބަޔަށް ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރިއެވެ. މިއީ އަޅުގަނޑުގެ އެދުމަކަށް ކޮށްދެއްވި ދީލަތިކަމެކެވެ.

30 ޖުލައި 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 585 ވަނަ ދުވަހެވެ. މިއަދު އާދިލްއާ ބައްދަލުކުރުމަށް އެގޭމީހުންއައެވެ.

31 ޖުލައި 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 586 ވަނަ ދުވަހެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.

1 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 587 ވަނަ ދުވަހެވެ. މިއަދު ގެއަށް ސިޓީއެއްލިޔެ ގެއަށް ފޮނުވައިދިނުން އެދި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިއަދު އަންނި، ކޯޓުނަންބަރު، 6 އަށް ޕާސްޕޯޓުގެ މައްސަލައެއްގައި ހާޒިރުކުރިއެވެ. މިއަދުގެ ޝަރީޢަތުގައި އޮތީކުރީދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދެއްކިވާހަކަތަކުގައި ސޮއިކުރުމެވެ. ބަޔާންފުރިހަމަ ކުރުމެވެ. އަދި މިއަދު އަޅުގަނޑުމެން ތިބޭބަޔަށް، ހަތަރުމަހަށް ހުކުމްކޮށްފައިވާ އާކުއްޖަކު ގެނެސް ވެއްދިއެވެ. މީނާއަކީ ކަތުރަކުން މީހަކަށް ހަމަލާ ދިންކަމުގެ ކުށުގައި ހުކުމް އިއްވިފައިވާ މީހެކެވެ. މީނާގެ ނަމަކީ، އަލީޝިޔާމް މ.އޮމެގާ މާލެ އެވެ.

2 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 588 ވަނަ ދުވަހެވެ. މިއަދު އަންނި، އޭނާގެކޮއްކޮ ނާޒިމާ ބައްދަލުކުރުން އޮތެވެ. ނާޒިމު، އަންނިއަށް އިރުވާހުދެއް މިބައިގައި އޮޅުކޮށްގެން ގެންގުޅުމަށް ގެނެސްދިނެވެ. މިކަންވީ ވަރަށްމަޖާ ކަމަކަށެވެ. އެންމެން އެއަށް ކާންދިނުމާއި އެއާއެކު ކުޅުން އޮވެއެވެ. އަންނި މިކަންއޮންނަނީ ހުރިހާ ގައިދީންނަށް ދޫކޮށްލައްވާފައެވެ. އެންމެން ވެސް ކާންދީހަދައެވެ. އަންނި އިރުވާހުދާއެކު އުޅުއްވާނީ ވަކިގަޑި ގަޑީގައެވެ. އެހެނަސް އިރުވާހުދު އެންމެއޮޅީ އަންނިއާއެވެ.

3 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 589 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

4 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 590 ވަނަ ދުވަހެވެ. ރޭގައި ޖަލުބަލަހައްޓާ އޮފީހުގައި ހުންނަވާ، ނަސީމް މިބަޔަށް ވެންނެވިއެވެ. ވަރަށްގިނަ އިރުވަންދެން އަޅުގަނޑާ ވާހަކަދައްކަވަން ހުންނެވިއެވެ. ދަތިއެއްވެސް ކަމެއްއޮތްތޯ އައްސަވައި ހެއްދެވިއެވެ. މީނާއަކީ އަޅުގަނޑުގެ ތަބީޢަތާއި މިޒާޖު ވަރަށް ކަމުދާމީހެކެވެ. އަޅުގަނޑަށް ހަމްދަރުދީ ބަހައްޓަވާ ބޭފުޅެކެވެ.

5 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 591 ވަނަ ދުވަހެވެ. މިއަދު ކޮއްކޮއިބުރޭ މާލެގެންދިޔައެވެ. ހީވަނީޑޮކްޓަރަށް ހެނެވެ. އަދި މިއަދު ހެދުނުނިދާފައި އޮއްވާފެންނަ ހުވަފެނަކީ، ކޮޓަރިން ނުކުންނަން ހުންނަދޮރު ނުފެނިގެން ނުނިކުމެވިގެން އުޅެނިކޮށެވެ. ކޮޓަރިން ނުކުންނާނެ ދޮރެއް ނުފެނިގެން ގެއްލިގެންހޯދަން އުޅޭތަނެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

6 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 592 ވަނަ ދުވަހެވެ. މިއަދު އޮފީހުން އިސްތިރިއެއް ގެނެސް އަޅުގަނޑު މެންނާ، ނަސީމު ހަވާލު ކުރެއްވިއެވެ. އަދި ބަލައިގެން ގެންގުޅުމަށް އެންގެވިއެވެ.

7 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 593 ވަނަ ދުވަހެވެ. އިއްޔައާއި މިއަދު ވަރަށް ވިއްސާރަވެހުނެވެ. މިއަދު ފެންތާނގީ ބެހެއްޓުމަށް ހެދިބުޑުގައި ފެންތާނގީ ބަހައްޓައި ފެންއަޅާ ފުރާލެވުނެވެ. އިރުވާހުދު ފެންވަރުވާ ހަދަނީ އަންނިއެވެ. މިސޮރު ފެންޑާމައްޗަށް ލާ ސީތައްސާފުކޮށް ހަދަނީ އެންމެން ވެގެންނެވެ. އަބަދުވެސް މީރުފެން އިރުވާހުދު ބުއިމަށް އެއްޗަކަށް އަޅާފައި ހުރެއެވެ. މިމަސައްކަތް ކުރަނީ އަބަދުވެސް އަޅުގަނޑެވެ. މިހާރަކަށް އައިސް އިރުވާހުދު އެންމެއޮޅީ އަޅުގަނޑާއެވެ. ފޮތްކިޔަން ގޮނޑީގައި އިންނައިރު އަޅުގަނޑު ގަޔަށް ޖައްސާ މެހި ކައި ހަދާނެއެވެ.

8 އޯގަސްޓަ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 594 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ.

9 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 595 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ.

10 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 596 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަ ކަމެއްނެތެވެ.

11 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 597 ވަނަ ދުވަހެވެ. މިއަދު ކުޅޭށާއިމޫދަށް ނެރުނެވެ.

12 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 598 ވަނަ ދުވަހެވެ. މިއަދު، ދޮންދައްތައާއި އިފާއި ފިދާއާއި ވިދާއާއި ޖެފްރީއާއި މަންމަ އަޅުގަނޑާއި ކޮއްކޮ އިބުރޭއާއި އަބްދުﷲ ހުސައިނާއެކު އެންމެން އެކުގައި ބައްދަލުވުމެއް ހަވީރުއޮތެވެ. މިބައްދަލުވުން އެންމެން އެކުގައި ބާއްވައިދިނީތީ ވަރަށްއުފާވިއެވެ. ދޮންދައްތަ މިމަހުގެ، 14 ވަނަ ދުވަހުފުރާތީއާއި އިފުވެސް މާލޭގައިހުރި ވަގުތަކަށްވާތީ ޑިފެންސްގައި ދަންނަވައިގެން ބައްދަލުވުމެއް ހެދީކަމަށް ދޮންދައްތަ ބުންޏެވެ. ގެއިން ވަރަށްގިނަ ސާމާނުވެސް ގެނެސްދިނެވެ. ގިނައިންހުރީ ކެއުމުގެ ސާމާނެވެ. އަބްދުﷲ ހުސައިނަށް އެއްބައިދީފައި ދެންހުރި ސާމާނުތައް ގެނައީ އަޅުގަނޑުމެންތިބޭ ބަޔަށެވެ. މިއަދުވީ ވަރަށް ހިތްހަމަޖެހުނު ދުވަހަކަށެވެ.

13 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 599 ވަނަ ދުވަހެވެ. މެންދުރުފަހުގެ ވަގުތެއްގައި މިބަޔަށް އިސްތަފާއާއި ގަސް އިބަރާހީމް މަނިކާއި ރައޫފާއި (އޭރު ޕްރިސަންސްގައި އުޅުއްވި) ޖަލުއޮފީސް ބަލަހައްޓާ ނަސީމް ވަޑައިގަތެވެ. އަޅުގަނޑުމެންނާ އިސްތަފާ އިބްރާހީމް މަނިކު ވަރަށްވާހަކަ ދެއްކެވިއެވެ. މިބައިންބޭރުގައި ޖަލުގައިތިބި ގައިދީން ހަޅުތާލުކޮށް ގަޑުބަޑުކޮށްގެން ތަހުގީގުކުރަން ޖެހިގެން އުޅޭވާހަކަ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ރަނގަޅުވާހަކައާއި މިތާތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭތީ އެބޭފުޅުން ވަރަށްއުފާކުރާ ކަމަށް ވިދާޅުވިއެވެ.

މިބޭފުޅުން ވަޑައިގަތުމާއި އަޅުގަނޑުމެންގެ ހާލުބައްލަވާ ހެއްދެވުމާ ގުޅިގެން އަޅުގަނޑު ޕްރިސަންސް ޑިވިޒަނަށް ޝުކުރުގެ ސިޓީއެއް ލިޔުނީމެވެ. އަޅުގަނޑު މެންނަށް ދެއްވި އިނާޔަތްތައް ރަނގަޅުގޮތުގައި ބޭނުންކުރާނެކަމާއި ޖަލުގައި ތިބޭނީ ފުރިހަމަ ކިޔަމަންތެރި ކަމުގައިކަމަށް ލިޔުނީމެވެ. މިސިޓީ މިއަދު ހަވީރުގެ ވަގުތެއްގައި ޖަލުއޮފީހާ ހަވާލުކުރީމެވެ. މިސިޓީތަކުގެ ކޮޕީތައް އަޅުގަނޑު އަތުގައި އެބަހުއްޓެވެ. އިރާދަ ކުރެއްވިއްޔާ ސްކޭންކޮށްފައި މިވާހަކަތަކާ އެންމެބޮޑަށް ގުޅޭސިޓީތައް އަޅުގަނޑުގެ ސައިޓުގައި އަޕްލޯޑް ކުރާނަމެވެ.

14 އޯގަސްޓް 192 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 600 ވަނަ ދުވަހެވެ. މިއީތާރީޚީ ދުވަހެކެވެ. މިބުރުގައި ޖަލުގައި ހުންނަތާ ބަރާބަރު، 600 ދުވަސް ހަމަވީދުވަހެވެ. މިއަދަކީ ދޮންދައްތަމެން ވިދާއާއި ފިދާއާއިޖެފް ފުރާދުވަހެވެ. ސިލޯނުމަގުން މިމީހުންދަނީ ދުބައި އަށެވެ. އެތަނުން ވަހީދުބެއާއި ބައްދަލުކޮށް ދާންވީދިމާއަށް ނައްޓާލާގޮތަށެވެ. މިހާހިސާބުން އެމީހުން، ރާއްޖޭންބޭރަށް ފުރާނިމުނީއެވެ. ޑޮކްޓަރ ވަހީދު ބައިނަލް އަގްވާމީ މުޖްތަމައަށް ޚިދުމަތްކުރެއްވުމުގެ ވަޒީފާއަކަށް ބަދަލުވީއެވެ.

ސަރުކާރު ބޭނުންވިގޮތަށް، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކު ރާއްޖޭންބޭރުގައި ދިރިއުޅުން ހަމަޖެހި ނިމުނީއެވެ. އެޒަމާނުގައި މިއީ، އެކަންކުރަން އޮތްއެންމެމޮޅު ގޮތެވެ. ސަރުކާރުގެ އަތްދަށުވެ ޖަލަށްވަދެ މީހާހަލާކުކޮށް ލުމަށްވުރެ އެފެންވަރުގެ މީހުން އަޅުއްވަން ޖެހޭފިޔަވަޅަކީ މިއީކަމުގައި އަޅުގަނޑުމެން ޖަލުގައިތިބި އެންމެންވެސް ގަބޫލުކުރަމެވެ. ބޭރުގައި ތިބެގެން އަޅުގަނޑުމެން މިނިވަންކުރުމަށާއި ދިވެހި ގައުމުގެ ފުރިހަމަ މިނިވަންކަމަށާއި މިރާއްޖޭގެ ކުރިމަގަށް އެބޭފުޅުން ބޭރުގައި ތިއްބަވައިގެން ކުރަންޖެހޭ ހުރިހާމަސައްކަތެއް ކުރައްވާނެކަމުގެ ޔަގީންކަން އަޅުގަނޑުމެން ޖަލުގައިތިބި މީހުންނަށް ފުރިހަމައަށް އެބައޮތެވެ.

ޖަލުގައި އަޅުގަނޑުމެން ހޭދަކުރިދިގު ދުވަސްތަކުގައި އެކަމުގެ ހެކިތައްރީތިކޮށް ފެނިގެން ދިޔައެވެ. ބޭރުދުނިޔޭގެ އެކިހިސާބުގައި އަޅުގަނޑުމެންގެ ހަނދާންތައް ތާޒާކޮށް އާލާކުރިކަމުގެ ހެކިތައް އަޅުގަނޑު މެންނަށް ލިބެމުން ދިޔައެވެ. ހެޔޮއެދުންތަކުގެ ކާޑުތައް ޖަލަށް އޮހެމުން ދިޔައެވެ. ޖަލުގައި ތިބެގެން ކިޔާނެފޮތްތައް ބޭރުދުނިޔޭގެ އެކިޖަމާއަތްތަކުން ޕޯސްޓްމެދުވެރިކޮށް ޖަލަށް ފޮނުވަމުން ގެންދިޔައެވެ. ފަހަކަށް އައިސް މިފަދަތަކެތި ނައްތާނުލާ ސީދާޖަލަށް އަޅުގަނޑުމެންގެ އަތަށް ރައްދުކޮށް ދިނުމަށް ޑިފެންސަށް މަޖްބޫރުވިއެވެ.

15 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 601 ވަނަ ދުވަހެވެ. މިއަދުކޮއްކޮ އިބުރޭއާއި ކަރޯރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މަޖާދުވަހެކެވެ.

16 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 602 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. އެހެނަސް، ޖަލުއޮފީސް ބަލަހައްޓަން ހުންނަވާ ނަސީމް މިއަދުހަވީރު ވަގުތެއްގައި މިބަޔަށް ވަޑައިގެން ތޭރަވައެއް އަޅުގަނޑަށް ގެނެސްދީފައި މީތި މިތާތެރޭގައި ގެންޅެން ވިދާޅުވިއެވެ. އަދި މިއީ އެމީހުންހިފި އެއްޗެއްކަމަށް ވިދާޅުވިއެވެ. އަޅުގަނޑުމެން އިރުވާހުދެއް އޮޅުކޮށްގެން ޖަލުގައި ގެންގުޅޭތީ މިއީއޭނާ ކުރެއްވިކަމަކަށް ވެދާނެއެވެ. އިރުވާހުދަކީ އަންނި ގެންގުޅުއްވާ، މިހާރުވަރަށް އޮޅުވެފައިވާ އިރުވާހުދެކެވެ.

17 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 603 ވަނަ ދުވަހެވެ. މިއަދު ރަޣީބުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހަވީރު ކުޅެންށާއި މޫދަށް ނެރުނެވެ. އަދި ކެނެރީގޭ ޒުހޭރާ، އަންނިއާ ބައްދަލު ކުރެއްވިއެވެ. މާލޭގެ ޚަބަރުތައް ސާފުވެއޮޅުން ފިލިއެވެ.

18 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 604 ވަނަ ދުވަހެވެ. މިއަދު ކާދޫއިބުރޭ އާއި ހަންނާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

19 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 605 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ރޭޑިޔޯއިން ލިބުނު ޚަބަރެއްގައި ބުނެފައިވަނީ މިއަދު، އަންހެނުންކުރިޔަށް މިނަމުގައި ސެމިނާއެއް ރައީސް މައުމޫނު ހުޅުއްވައި ދެއްވިކަމަށެވެ.

20 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 606 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ކުޑަކޮށް ވިއްސާރަ ވެހުނު ދުވަހެކެވެ.

21 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 607 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.

22 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 608 ވަނަ ދުވަހެވެ. ކޮއްކޮ އިބުރޭއާއި ރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

23 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 609 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ރައީސް މައުމޫނަށް ސިޓީއެއްލިޔެ ޖަލުއޮފީހާ ރައްދުކޮށް ދެއްވުންއެދި ހަވާލުކުރީމެވެ. ހަންދުއާއިބިގޭ އަދިވެސް ދޫނިދޫޖަލުގައި ތިބޭތީ ގާމާދޫ ޖަލުގެ މިބަޔަށް އެދެކުދިން ބަދަލުކޮށް ދެއްވުންއެދި އެކަންތައް އެގޮތަށް ހަމަޖައްސައި ދެއްވާތޯއެވެ. މިއަދު ސައްޕެ މާލެއަށް ގެންދިޔައެވެ. އިސްތަފާއާ ބައްދަލު ކުރާށެވެ. މިބައިންބޭރުގައި ޖަލުގައިހުރި އަބްދުއްﷲ ސަލީމް މިއަދުމާލެ ގެންދިޔަޚަބަރު ލިބުނެވެ. ހޮސްޕިޓަލަށެވެ.

24 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 610 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތްދުވަހެކެވެ.

25 އޯގަސްޓް 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 611 ވަނަ ދުވަހެވެ. ކޮއްކޮއިބުރޭއާއި ރިޝްވާނު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

26 އޯގަސްޓް 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 612 ވަނަ ދުވަހެވެ. މިއަދުކޮއްކޮ އިބުރޭ އަނެއްކާވެސް މާލެއަށް ހޮސްޕިޓަލަށް ގެންގޮސް އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ. ޓޮންސިލް އޮޕަރޭޝަން ކުރަންޖެހިގެންނެވެ. މިއަދު ކޯޓުނަންބަރު، 6 ގައި ހަންދުއަށް، 15 އަހަރު ދުވަސް ޖަލަށްލުމަށް އަދި އަބްދުއްﷲ ސަލީމަށް، 15 އަހަރުދުވަސް ޖަލަށްލުމަށް އަދި ބިގޭއަށް، 15 އަހަރު ދުވަސް ޖަލަށްލުމަށް ކިޔޮޅު، 13 އަހަރު ދުވަސް ޖަލަށްލުމަށް ހުކުމްކުރެއްވިއެވެ.

އަދި ހަންދު ދޮގުހެދިކަމަށް ސާބިތުކޮށް އެއްއަހަރު އިތުރުކޮށް މުޅިއެކު ހަންދުއަށް، 16 އަހަރުދުވަހަށް ޖަލަށްލުމަށް ނިޔާކަނޑައަޅާއި ހުކުމްއިއްވިއެވެ. މިހުކުމް އިއްވެވީ ކޮއިމަލާ ލޯންޗުގެ މައްސަލަ ވަކިމައްސަލައެއްގެ ގޮތުގައި މިމއްސަލައިގެ ތެރެއިން ބޭރުކުރުމަށް ފަހުގައެވެ. މިލޯންޗުގެ އަގުހޯދުމުގެ މައްސަލަ ވަކިމައްސަލަ އެއްގެގޮތުގައި ފަހަށްދޫކޮށް ލެއްވީއެވެ. މިއަދާހަމައިން މިމައްސަލައިގެ ހުކުމްތައް އިއްވާނިމުނީއެވެ. ބޮޑެތިހުކުމްތައް ނިމުނީއެވެ.

27 އޯގަސްޓް 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 613 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހެނދުނު 9:00 ން 11:00 އަށް ކޮއްކޮއިބުރޭގެ ޓޮންސިލް އޮޕަރޭޝަން ކޮށްނިންމައިފި ޚަބަރުލިބުނެވެ. އެހެނަސް އަދިވެސްއޮތީ ހޮސްޕިޓަލުގައެވެ.

28 އޯގަސްޓް 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 614 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ހަމަތިބީއެވެ.

29 އޯގަސްޓް 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 615 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެއްކަން ރޭޑިޔޯއިން އެނގުނެވެ. ރަބީއުލްއައްވަލް އެކެއް، 1412 ހިޖްރީއަށް ވާތީއެވެ. ރާއްޖޭގެ ނެޝަނަލްޑޭއެވެ. ރާއްޖޭގެ ގައުމީގުވަހަށް ވާތީއެވެ.

30 އޯގަސްޓް 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 616 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއްނެތެވެ.

31 އޯގަސްޓް 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 617 ވަނަ ދުވަހެވެ. މިއަދު އިބުރޭގެ އޮޕަރޭޝަން ނިމިގެން ޖަލަށް މިބަޔަށް ގެނައެވެ. އިބުރޭގެ ހާލުމުޅިން ރަނގަޅެވެ. ހަވީރުކުޅޭށާއި މޫދަށް ނެރުނެވެ.

1 ސެޕްޓެމްބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 618 ވަނަ ދުވަހެވެ. މިއަދު ގެއަށްސިޓީއެއް ލިޔެޖަލުއޮފީހާ ގެއަށްފޮނުވައި ދިނުމަށްއެދި އެސިޓީ ހަވާލުކުރީމެވެ. މިއަދަކީ ލީބިޔާގެ އިންގިލާބީ ދުވަހަށް ވާތީ ބީބީސީން މިވާހަކަތައް އަޑުއަހާލީމެވެ.

2 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 619 ވަނަ ދުވަހެވެ. ކުޅެންށާއިނޫދަށް ނެރުނެވެ. މިއަދު ހަންދުއާއިބިގޭއަށް ހުކުމްއިއްވާ ނިމިފައިވާތީ ގާމާދޫޖަލަށް ބަދަލުކުރިއެވެ. ގެނެސްވެއްދީ އަބްދުﷲ ސަލީމާއި އަބްދުﷲ ހުސައިން މެންތިބޭ ބަޔަށެވެ. ބޮޑެތިގޮޅިތަކުން ގޮޅިއަކަށެވެ. މިގޮޅީގައިތިބެނީ އެންމެން އެކުގައެވެ. މިގޮޅީގައި މިމީހުންގެ އިތުރުން އަޒްމީލާއި މުސްތަފާވެސް ބަންދުކޮށްފައި ހުރިކަމަށް ޚަބަރު ލިބުނެވެ. މިއެންމެންތިބެނީ އެކުގައި އެއްގޮޅިއެއްގައެވެ.

3 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 620 ވަނަ ދުވަހެވެ. އިއްޔެ ހަންދުއާއިބިގޭ ގާމާދޫޖަލަށް ގެނައިއިރު ކިޔޮޅު އިބްރާހީމް ނަސީމުވެސް ގެނައިޚަބަރު މިއަދު ލިބުނެވެ. ކިޔޮޅުލާފައިހުރީ އެހެން ބޮޑުގޮޅިއަކަށެވެ. ކިޔޮޅާއެކު އެގޮޅީގައިހުރީ، މ.ކުރެނގި މާލެ، އަބްދުލް މުޢީދެވެ. ދެންތިބެނީ އެހެންކުށްތަކުގެ މީހުންނެވެ. މިއަދު ވިސާމަށާއި ނާސިރަށް، 10 އަހަރު ދުވަހަށްޖަލަށް ލުމަށްހުކުމް އިއްވި ޚަބަރުވެސް ލިބުނެވެ. މިއީ މާލެތެރޭގައި އަލިފާންޖެހި މީހުންނެވެ.

4 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 621 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ.

5 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 622 ވަނަ ދުވަހެވެ. މިއަދު އިސްތަފާއަށް ހަންދުއާއިބިގޭ މިބަޔަށް ބަދަލުކޮށް ދެއްވުންއެދި ސިޓީއެއް ލިޔުނީމެވެ. ކޮއްކޮއިބުރޭ ހޮސްޕިޓަލަށް މާލެއަށް ގެންދިޔުމަށް ތައްޔާރުވާން އެންގުމަށްފަހު، ކެންސަލް ވެއްޖެކަން އެންގިއެވެ. ވީގޮތެއް ނާންގައެވެ.

6 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 623 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިނޫދަށް ނެރުނެވެ.

7 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 624 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

8 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 625 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށްނެރުނެވެ. އަބްދުއްރައްޒާގު އޭނާގެ އަންހެނުންނާ މިއަދުބައްދަލު ކުރިއެވެ. މިއަދު ޖަލުތެރެއިން ދިމާވިބޭފުޅެއް ކަމުގައިވާ، ބޮލުގައި ނިއްކުރިއާދިމާލުން މެދުގައި ހުދުއިސްތަށިކޮޅެއް ހުންނަ ތާހާގާތުގައި ސިސިލްފަރު ނައްޓުއަށް ސަލާމް ބުނެދިނުމަށް އެދުނީމެވެ. މީނާއާ އަޅުގަނޑައި މީގެކުރިން ދިމާވެފައިވަނީ ސިސިލްފަރު ތެރެއިންނެވެ. ނައްޓުގެ ރައްޓެހިކަމުގައި އަޅުގަނޑަކީ ވަރަށްގިނައިން ސިސިލްފަރަށް ގޮސްއުޅުނު މީހެކެވެ. އެގޭގެ އެންމެންނާވެސް ވަރަށް ރައްޓެހިވާނެއެވެ.

9 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 626 ވަނަ ދުވަހެވެ. މިއަދަކީ، ރަބީއުލްއައްވަލް މަހުގެ، 12 ވަނަ ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ކީރިތިރަސޫލާ ދުނިޔެވަޑައިގެންނެވި ދުވަހުގެ މުނާސަބަތުގައި ރަސްމީބަންދުވީއެވެ. އިސްލާމީ ގައުމުތަކުގައި މިދުވަހަކީ ސަރުކާރުތައް ރަސްމީކޮށް ބަންދުކުރާ ދުވަހެކެވެ. މިއަދުހަންނާނަށާއި ސައްޕެއަށް އެމީހުންގެ ގެއިންކާނާފޮނުވިއެވެ. ޖަލުތެރޭގައި މިއަދުކެއުން ވަރަށްތިޔާގި ދުވަހެކެވެ.

ޖަލުކާނާވެސްހުރީ ތަފާތުކޮށް ރަނގަޅުކޮށްލާފައެވެ. މިއަދަކީ ޖަލުގެ ހަޔާތުގައި ވެސްބޮޑުދުވަހެކެވެ. ސިފައިންގެ އެންމެމަތީފެންވަރުގެ ވެރިއެއް ކަމުގައިވާ އާދަމްޒާހިރު ފުރަތަމަފަހަރަށް ޖަލުގެ މިބަޔަށް ޒިޔާރަތް ކުރެއްވިދުވަހެވެ. އަޅުގަނޑާއި ކޮއްކޮއިބުރޭއާއި ހަންނާނާއި މުއާޒާއި ރަޣީބާއި ރިޝްވާނާއި މުހަންމަދު އަބްދުއްރައްޒާގާއި ސައްޕެއާއި އާދިލާއެކު ވަކިވަކިން ވާހަކަދައްކަވައި ހެއްދެވިއެވެ.

ބައެއްގައިދީންނާ، ގެއަށް ބަދަލުވުންކަހަލަ ލުޔެއްލިބިއްޖެނަމަ ހަދާނެގޮތަކާއި އުޅޭނެގޮތަކާމެދު ސުވާލުކުރެއްވިއެވެ. އަދި މިހެންދިމާވެއްޖެނަމަ ވިސްނުންގެންގުޅޭނެ ގޮތަކީކޮބައިތޯ ވެސް އައްސަވާ ހެއްދެވިއެވެ. ގިނައިން ކުރެއްވީ މިޒާތުގެ ސުވާލުތަކެކެވެ. މިބައިގެ ބޭރުން ޖަލުގައިތިއްބެވި އެހެންގައިދީންނާ ވެސް ބައްދަލުކުރެއްވި ޚަބަރުފަހުން ލިބުނެވެ. އަޅުގަނޑުގެ ވިސްނުމަށް ގެނެސް ލާފާކުރެވުނީ، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގެއަށްބަދަލުކުރަން ވިސްނަވަނީ ކަމަށެވެ.

އަލިފާނުގެ މައްސަލާގައި ގާމާދޫޖަލުގެ ބަންދުގައިހުރި އަޒީ އަމިއްލައަށް ބައްދަލުވާން އެދުމުން ބައްދަލުކުރެއްވުމުގެ ފުރުސަތު ދެއްވިކަމަށް ޚަބަރުލިބުނެވެ. އެހެނަސް އެބޭފުޅުން ބަލާ ލޯންޗުއައުމުން އަޒީއާބައްދަލު ކުރެއްވުމުގެ ކުރިންފުރުއްވަން ޖެހިގެން ފުރާވަޑައިގެންނެވީ، އަޒީއާ ބައްދަލު ނުކުރައްވާ ކަމަށް ޚަބަރުލިބިފައި ވެއެވެ. މިއަޒީއަކީ އަލިފާނުގެ ހާދިސާއާ ބިންބިފޯހާގުޅުވާ އެވާހަކަތައް އެންމެކުރިން ހާމަކުރިގައިދީއެވެ. އެކަންވެގެން ދިޔައީބޮޑު ކަންތައްގަނޑަކަށެވެ.

10 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 627 ވަނަ ދުވަހެވެ. މިއަދުކުޅެންށާއި މޫދަށް ނެރުނެވެ. ސައްޕެއާއި ނާސިރު އެމީހުންގެ ގޭގެމީހުންނާ ބައްދަލުކުރުން މިއަދުއޮތެވެ.

11 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 628 ވަނަ ދުވަހެވެ. ކުވޭތު ރަސްގެފާނު މާލެވަޑައިގެންނެވި ޚަބަރުރޭޑިޔޯ އިންލިބުނެވެ. ފުރާވަޑައި ގަންނަވަނީ މާދަމާ، 10:30 ގައި ކަމަށް ރޭޑިޔޯޚަބަރުގައި ބުންޏެވެ. ސިފައިންގެ ބޭފުޅުންގެ ފަރާތުން ޚަބަރުލިބުނު ގޮތުގައި ކުވޭތުރަސްގެފާނު ހުޅުލޭގައި ނުވަތަ ހުންނެވި ރިޒޯޓުގައި ހުންނަވާފައި ލޯންޗަށް އަރާވަޑައި ގެންނެވުމެއްގައި ފާލަމާއި ލޯންޗާ ދޭތެރެއަށް ވެއްޓިވަޑައި ގަތެވެ. މިކަން ވެގެންދިޔައީ ސީރިއަސް ކަމެއްގެ ގޮތުގައެވެ. މިކަން އެގެނީ އެތަން ދުށް މީހުން ކިޔައިދީގެންނެވެ.

12 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 629 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު އަންނި އޭނާގެ ބައްޕައާ ބައްދަލު ކުރެއްވިއެވެ. މާލޭގެ މުހިންމު ޚަބަރުތައް ލިބުނެވެ. އަދި އަޅުގަނޑަށް ސަލާމް ބުނުއްވި ކަމަށް އަންނި ބުނެދިނެވެ. ސައްޕެ މިއަދު މާލެއަށް ގެންދިޔައެވެ. ހީވަނީ ހޮސްޕިޓަލަށް ހެންނެވެ.

13 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުަވަސް، ޖަލުގައި ހުންނަތާ، 630 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ.

14 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 631 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

15 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 632 ވަނަ ދުވަހެވެ. މިއަދު މަންމައާއި އަންދިއާއި އާތުއާއި ނީޝާން، އަޅުގަނޑާއި ކޮއްކޮ އިބުރޭއާ ބައްދަލުކުރިއެވެ. ހަންދުއާއި ބިގޭއާއި އެމީހުން ބައްދަލުކުރީ ވަކިންނެވެ. އަޅުގަނޑުމެން ދެމީހުންނަށް ވަރަށް ގިނައިން ކެއުމުގެސާމާނި ގެނެސްދިނެވެ. އަދި ހަންދުމެންނަށް އެއިންބައެއް ބެހެއްޓީއެވެ. ކުރިން ބައްދަލުކުރީ އަޅުގަނޑުމެން ދެމީހުންނާއެވެ. އެހެންވެ އެދެމީހުންގެ ޚަބަރުތައް އަޅުގަނޑުމެންނަށް ލިބޭގޮތްނުވީއެވެ. އެހެނަސް އެދެމީހުންނަށް އަޅުގަނޑުމެން ދެމީހުންގެ ޚަބަރުތައް މަންމަމެން ދޭނެކަން ކަށަވަރެވެ.

16 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 633 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

17 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 634 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

18 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 635 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. މަޖާދުވަހެކެވެ. ގިނަވަގުތު ހޭދަވެގެން ދިޔައީ މޫދުގައެވެ.

19 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 636 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ.

20 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 637 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށްނެރުނެވެ. ހަންނާނާއި ރިޝްވާނު މާލެ ގެންދިޔައެވެ. މިއަދު އަންނިގެ މަންމަ، އަންނިއާ ބައްދަލުކުރިއެވެ. އަޅުގަނޑުމެން އެންމެންނަށް ސަލާމް ބުންޏެވެ. އަދި ހަންނާނާއި ރިޝްވާނާ ދެމީހުން މާލެއަށް ގޭގެބަންދަށް މިއަދު ބަދަލުކުރިއެވެ. މިދެމީހުން ގެންދިޔައީ ގެންގުޅުނު ސާމާނާ ނުލައެވެ.

ޖަލުއޮފީހުގައިއުޅޭ ރަޣީބުކިޔާ މީހަކާއި މުނީރުކިޔާ މީހަކު އިޝާނަމާދަށް ފަހު، މިބަޔަށްއައިސް މިދެމީހުންގެ ސާމާނުތައް މާދަމާހެނދުނު ގެންދާގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުމަށް އެންގިއެވެ. މިރޭ އިސްތަފާއާއި ބޮޑުޖަމާއަތެއް ޖަލުތެރޭއަށް ވެންނެވިއެވެ. އެހެނަސް މިބަޔަށް ނުވަންނަވައެވެ. މިއީ ނައުޝާދަށް ފަހު، އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ގޭބަންދަށް ބަދަކުރިފަހަރެވެ.

21 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 638 ވަނަ ދުވަހެވެ. ހެދުނު ޖަލުއޮފީހުން ބަޔަކުއައިސް ހަންނާނާއި ރިޝްވާނުގެ ފޮއްޓާއި ސާމާނުތައް މާލެ ގެންދިއުމަށްޓަކާ މިބައިންނެރެގެން ގެންދިޔައެވެ.

22 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 639 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށްނެރުނެވެ. މިއަދު ސައްޕެ މާލެގެންދިޔައެވެ. ހީވަނީގޭބަންދަށް ބަދަލުކުރީ ހެންނެވެ. މިހެންމިނިންމީ ސައްޕެ ނެރުމާއެކު ހަންދުގެނެސް ސައްޕެ ހުރިކޮޓަރިއަށް ވެއްދީމައެވެ. އަދި ރިޝްވާނުއޮތްތަނަށް އަންނިކޮޓަރިއަށް ބިގޭގެނެސް ވެއްދީމައެވެ. މިދެމީހުން މިބަޔަށް ގެނެސްވެއްދީ މެންދުރުކެއުމުގެ ކުރިންނެވެ. ސައްޕެފޮށި ތަންމަތިހުރީ ތައްޔާރުކޮށް ނާސިރުގެ ބެލުމުގެ ދަށުގައެވެ.

އެހެނަސް ކަންދިމާވިގޮތަކީ ހަވީރުދޯނިން ސައްޕެ އަނބުރާ ޖަލަށް ގެނައީއެވެ. ދެން ޖެހުނީ ސައްޕެއޮތް ކޮޓަރިން ހަންދުނެރެ ހަންނާނު ގެންދިއުމުން ހުސްވި ކޮޓަރިއަށް، ހަންދު ބަދަލުކުރާށެވެ. ހަންދު ސައްޕެކޮޓަރިން ހަންނާނު ނުކުތުމުން ހުސްވިކޮޓަރިއަށް ޖަލުއޮފީހުން ބަޔަކުއައިސް ބަދަލުކޮށް ނިންމައިފިއެވެ. ހަންދުއާއި ބިގޭއަށް މިބަޔަށް އާދެވުނީމާ އަޅުގަނޑުމެން ވަރަށް އުފާވިއެވެ. އަދި މިއަދަކީ އަޅުގަނޑުމެން އެއްބަޑުއެއްބަފާ ހަތަރުމީހުން ޖަލުގައި އެއްތަންވީ ދުވަހެވެ.

މިކަމަށް އަޅުގަނޑު އެދިގެންއުޅޭތާ މިހާރުދުވަސް ތަކެއްވެއްޖެއެވެ. އިސްތަފާވަނީ މިކަންކޮށްދޭނަމޭ ކުރިން ވިދާޅުވެފައެވެ. ހަންދު މިހަމަޖެހުނީ، 9 ނަންބަރު ކޮޓަރިއަށެވެ. ބިގޭ، 7 ނަންބަރު ކޮޓަރިއަށެވެ. ބިގޭވެއްދީ އަންނި ކައިރިއަށެވެ. ބިގޭ އަންނިކާރިޔަށް އެކޮޓަރިއަށް ވެއްދުމުން އަންނި ވަރަށް އުފާކުރިއެވެ. މިރޭވެގެން ދިޔައީ ވަރަށްމަޖާ ރެއަކަށެވެ. ވަރަށް ގިނައިރު ވާހަކަދައްކަން ހޭލާތިބީމެވެ. އަދި މިއަދުގެއިން ނޫސްބޮނޑިއެއް ވެސް ލިބުނެވެ. އަޅުގަނޑު، އިބުރޭ، ހަންދު، އަދި ބިގޭ އެއްތަނަށް ޖަމާވީއެވެ.

23 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 640 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނަށް، މައާފަށްއެދި ހަންދު ސިޓީއެއް ލިޔެ ޖަލުއޮފިހާ ރައްދުކޮށްދިނުމަށް އެދިހަވާލުކުރިއެވެ. މިއަދުވެސްވީ އުފާވެރި ދުވަހަކަށެވެ. ހަވީރު ވަގުތެއްގައި ކޮއްކޮ އިބުރޭއާއި މުހަންމަދު އަބްދުއްރައްޒާގާއި ރަޣީބުއަލީއާއި ކެޕްޓަން މުއާޒު، މިހަތަރުމީހުން ސާމާއެކު ނެރެގެން މާލެގެންދިޔައެވެ. ގޭގެބަންދަށް ބަދަލުކުރީއެވެ.

މިބައިން ނެރުނީ ފަހެއްޖަހާ އެހާކަންހާއިރުއެވެ. މިރޭ އެމީހުންނިދާނީ ގޭގައެވެ. ޖަވާހިރުވާދީއަށް އަނެއްކާވެސް އެކަކު ގެންދިޔައީއެވެ. އަލީރަޝީދަށާއި އިބްރާހީމް ރަޝީދަށް ގެއަށް ދެވުނީއެވެ. މިހާރު ޖަލުގައި މިތިބީ އަޅުގަނޑާއި ހަންދުއާއި ބިގޭއާ ތިންމީހުންވެ. އަދި މިއަދު ބޭރުންވެސް ބަޔަކު މާލެއަށް ގެންދިޔަ ޚަބަރު ލިބުނެވެ. އެކަމާ މަންމަމެން އުފާކުރާނެއެވެ. ބޭރުންގެންދިޔައީ އަބްދުލްމުޢީދާއި ޒަހީނާއި ހީރޯއެވެ. ހީރޯއަކީ އަލިފާނުގެ މީހެކެވެ.

ޒަހީނަކީ އާދަންޒާހިރު ގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލި ގްރޫޕްގެ މީހެކެވެ. މިއަދާހަމައަށް ބޭރުންނާއި މިބައިން ޖުމްލަ، 14 މީހުން މާލެއަށް ގެންދެވުނީއެވެ. ފުރަތަމަ ފަހަރު ބޭރުން، ތިންމީހުންނެވެ. އަދި ދެވަނަ ފަހަރު އެތެރެއިން ތިންމީހުންނެވެ. ތިންވަނަ ފަހަރު އެތެރެއިން ހަތަރުމީހުންނެވެ. ބޭރުން ވެސް ހަތަރުމީހުންނެވެ. ޖުމްލަ، 14 މީހުން ހަމަވަނީ މިގޮތަށެވެ.

24 ސެޕްޓެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 641 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

25 ސެޕްޓެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 642 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

26 ސެޕްޓެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 643 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

27 ސެޕްޓެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 644 ވަނަ ދުވަހެވެ. ސައްޕެ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ.

28 ސެޕްޓެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 645 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއި މޫދަށް ނެރުނެވެ. ވިސާމް (ޖަނާބު ޖަލުގައި ކޮޔާ ވަނަން) ނާސިރު، އާދިލް، އަދި އިބުރޭ (ކާދޫ) މާލެއަށް ކޯޓުނަންބަރ، 6 އަށް ގެންދިޔައެވެ. މިއީ މުޅިންވެސް މާލެތެރޭގައި އަލިފާންޖެހި މީހުންނެވެ. މީމީހުންގެ މައްޗަށް ކާރަކަށް ޕޭންޓްރިމޫވަރ ޖަހައިގެން، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، 10 އަހަރުދުވަހަށް ޖަލަށްލުމަށް އިއްވާފައިވާ ހުކުމް، މިއަދު އަލުން ކޯޓުން ނިންމެވީ، އެއްއަހަރު ދުވަހަށް ޖަލަށްލުމަށެވެ.

އަދި މިއަދުގެ ހުކުމުގައި ކުރިން، 10 އަހަރަށް އިއްވިފައިވަނީ އޮޅުމަކުންކަމަށް ގާޒީވިދާޅުވެ، އެއްއަހަރަށް އެހުކުމް ބަދަލުކުރައްވައި އެމީހުންގެ މައްޗަށް އަލުންއާހުކުމެއް އިއްވީއެވެ. މިގޮތަށް ހުކުމް އިއްވުމަށްފަހު، ހުކުމް މިބަދަލުކުރަނީ ކީއްވެގެންކަމެއް ސާފެއްނުވެއެވެ.

މިކަންތައް ކުރަމުން މިގެންދަނީ ކުޅިވަރެއް ކުޅޭހެންނެވެ. ވަކިބަޔަކު ތާށިކުރަން އާގާނޫނެއް ހަދާއި ރައީސް އޮފީހުން އަންގާގޮތަށް ޝަރީޢަތް ކުރާހާ ހިނދަކު މިފަދަ، ހެއްވާކަންތައް ފެންނަމުން ދާނެކަން ކަށަވަރެވެ. މިއީ އަދުލްއިންސާފުތޯ ސުވާލު އުފެދެއެވެ. މިކަންކުރެއްވި ގާޒީއަކީ، އަލްއުސްތާޒު އަބްދުލްޣަފޫރު އަހްމަދެވެ. މިހެންހަދަން ޖެހުނީ އޮޅިގެންކަމަށް އެކުދިންނަށް ކޯޓުންޖަވާބުދިން ކަމަށް އެކުދިންބުނެދިނެވެ.

29 ސެޕްޓެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 646 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

30 ސެޕްޓެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 647 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދުކުރި މަސައްކަތަކީ، 3 ސިޓީލިޔެ ޖަލުއޮފީހާ ހަވާލުކުރުމެވެ. އެއްސިޓީ ލިޔުނީ، އިސްތަފާއަށެވެ. ގޭގެމީހުން އަޅުގަނޑާ ބައްދަލުކުރުމަށް ޖަލަށް އަންނަދުވަހެއްގައި އެންމެން އެކުގައި ގްރޫޕްފޮޓޯއެއް ހަނދާނަށްޓަކައި ބޭއްވުމުގެ ބޭނުމުގައި ނެގުމުގެ ހުއްދަދެއްވާ ތޯއެވެ. މިސިޓީގައި އިތުރުލުޔެއްގެ ގޮތުގައި ގެއަށްބަދަލުކޮށް ދެއްވުމަށްވެސް އެދުނީމެވެ.

ދެވަނަ ސިޓީލިޔުނީ، ހަންދުއާއިބިގޭ ޖަލުގެ މިބަޔަށް ބަދަލުކޮށް ދެއްވީތީއާއި އަޅުގަނޑު މެންނަށް ދެއްވަމުން ގެންދަވާލުއި ތައް ދެއްވަމުން ގެންދަވާތީ އެކަންކަމަށް ޝުކުރުއަދާކޮށެވެ. ތިންވަނަ ސިޓީލިޔުނީ ގެއަށް މަންމައަށެވެ. މިތިންސިޓީގައި ވެސް ޖެހީ މާދަމާގެ ތާރީޚެވެ. އެހެންހެދީ އަލަށްމަހެއް ފެށޭތީއެދުވަހުގެ ތާރީޚުޖެހުމުގެ ގޮތުންނެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކޯޓުނަންބަރ، 6 ގެވަރަށް ގިނަބޭކަލުން ޖަލުތެރެއަށް ޒިޔާރަތްކޮށްގެން އުޅުއްވަނިކޮށް ފެނުނެވެ.

މީގެތެރޭގައި ގާޒީއަބްދުލްޣަފޫރުން ފެށިގެން، އެކޯޓުގެހުރިހާ ފަންތިއެއްގެ މުވައްޒަފުން ތިއްބެވިތަން ފެނުނެވެ. ހީވަނީ، 3 ނޮވެންބަރ 1988 ގެ ނުރައްކާތެރި ހަމަލާގައި ބައިވެރިވި ބިދޭސީ ޓެރަރިސްޓުންގެ ހުކުމަށް ގޮތެއްހައްދަވާ ލައްވަން އުޅުއްވަނީ ހެންނެވެ. ނުވަތަ އެހެންކަމަކަށް ވެސް ވެދާނެއެވެ. ތަމަޅަ ކުލީސިފައިން އެދުވަހުގާމާދޫން ފެނިފައިވެއެވެ. މިވެރިންމާލެ ނުގެންދަންވެގެން މުޅިކޯޓުއެކުގައި ޖަލަށް ގެނެސް ކަމެއްކޮށްލެއްވީ ކަމުގައި ވެދާނެއެވެ. މިކަހަލަ ގިނަކަންތައް ފެންނަ މިންވަރަކުން ޔައުމިއްޔާ ކުރަންޖެހެނީ އަޅުގަނޑުގެ ހިތަށްލަފާކުރެވޭ ގޮތަށެވެ. ހަގީގަތް ބުނެދޭކަށް ނޭގޭނެއެވެ. ޖަލުގައި ތިބޭއިރު މައުލޫމާތު ލިބެނީ ތުންތުން މަތިންނެވެ.

1 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައު ހުންނަތާ، 648 ވަނަ ދުވަހެވެ. ގެއަށް ލިޔުނުސިޓީއާއި އިސްތަފާގެ ސިޓީއާއި ރައީސް މައުމޫނަށް ލިޔުނު ސިޓީއާ، މިތިންސިޓީގައި މިއަދުގެތާރީޚު ޖެހުމަށްފަހު އިއްޔެހަވީރުގެ ވަގުތެއްގައިވާނީ، ޖަލުއޮފީހާ ހަވާލުކޮށް ނިންމާފައެވެ.

2 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 649 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ. މަޖާދުވަހެކެވެ.

3 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 650 ވަނަ ދުވަހެވެ. މިއަދު ހަންދުލައްވާ ޖަލުއޮފީހުން އެއްބަސްވުމެއްގައި ސޮއިކުރުވިއެވެ. ޖަލުގެބަންދުގައި ހުންނަހުރުމުގައި އެކަހެރިކޮށް އަންހެނުންނާ ބައްދަލުކުރުމުގެ ހަމަތަކާއި މިންގަނޑުތަކުގެ އެއްބަސް ވުމެކެވެ. އެކަންހިނގާނެ ގޮތާއި އެކަންހިންގުމަށް ލިބޭސައުވީސް ގަޑިއިރުތެރޭގައި އަމަލުތައް ބަހައްޓަންޖެހޭ ގޮތްތަކުގެ އެއްބަސް ވުމެކެވެ.

4 އޮކްޓޯބަރ 1992 ވިއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 651 ވަނަ ދުވަހެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

5 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ،  652 ވަނަ ދުވަހެވެ. މިއަދު މެންދުރު، 12 ޖެހުމުން ހަންދުބަލާ ޖަލުއޮފީހުން އައެވެ. ހަންދުއަންހެނުން، އާތު ޖަލަށް އައުމާގުޅިގެން އެދެމީހުންގެ އެކަހެރި ބައްދަލުވުން ފެށުމަށްޓަކާ އެކަމަށް ހަމަޖެހިފައިވާ ކޮޓަރިއަށް ގެންދިއުމަށެވެ. މިކޮޓަރިހުންނަނީ، ޖަލުތެރޭގެ ސަރަހައްދެއްގައި ޖަލުއޮފީހާކައިރި ހިސާބެއްގައެވެ.

ކޮޓަރިހަދާފައި ހުންނަނީ، އެޓޭޗް ޓޮއިލެޓެއް ލާފައެވެ. ފެންޑާއަކާއެކު ހުންނަކުޑަ ކޮޓަރިއެކެވެ. މިއެއްބަސްވުން ބުނާގޮތުން މިކޮޓަރީގައި ދެމަފިރިންނަށް، 24 ގަޑިއިރުވަންދެން ދިރިއުޅުމުގެ ހުއްދަދެވޭނެއެވެ. ކެއުމާއި ހުރިހާކަމެއް ބަލަހައްޓާނީ ޖަލުއޮފީހުންނެވެ. އެތަނަށްގެންލުންދީ ފިލާހެދުންކަހަލަ ކަމެއް ކުރަންއުޅެފިނަމަ އެކަމުގެ ޒިންމާއުފުލަން ޖެހޭނީ، ގައިދީ އަމިއްލައަށެވެ. ޒިންމާވާންޖެހެއެވެ. އެކަހެރި ބައްދަލުވުން ދެމިގެންދާނީ، 24 ގަޑިއިރަށެވެ.

6 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 653 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އަދި ހަވީރުގެ ވަގުތެއްގައި ހަންދުއާއި އާތުގެ އެކަހެރި ބައްދަލުވުން ނިމިގެން، ހަންދު އަނބުރާ މިބަޔަށް ގެނައެވެ. މާލޭގެޚަބަރުތަކާއި ގޭގެޚަބަރުތައް މުޅިންރަނގަޅު ކަމަށް ހަންދުކިޔައި ދިނެވެ. ވަރަށް މިނިވަންކޮށް ކޮޓަރީގެ ފެންޑާއަށް ނުކުމެގޮނޑީގައި ތިބެވޭކަމަށް ހަންދުބުންޏެވެ. އަނބިންގެ ކަންތައް މިގޮތަށް ހަމަޖައްސައި ދޭއިރުވެސް ގިނަގައިދީންގެ އަނބިންނަކީ މިނިވަންވެ، ދޫކޮށްލާއިރު އަނބިންގެ ގޮތުގައި ތިބެވޭބަޔަކަށް ނުވެއެވެ.

އޮންނަނީ ކޮންމެވެސް ގޮތެއްވެގެން ގޯސްވެވަރިވާ ހިސާބަށް ގޮސްފައެވެ. ޖަލަށްލާ ގައިދީންގެ އަނބިންގެ ގާތަށްސިފައިން ޖެއްސުމަކީ އޭރުގެ ނުބައި ސަގާފަތެކެވެ. ފުރަތަމަ ޒިޔާތަރްކުރަނީ ފިރިމީހާގެ އުފާވެރި ޚަބަރަކައި ގެންނެވެ. ދެން އޭގެފަހުން ސަގާފީގުޅުން ބަދަހިވަނީއެވެ. މިއަދު އިރުއޮއްސެން ކާރިވެފައި ވަނިކޮށް އިސްތަފާއާ ބައްދަލުކުރުމަށް އަޅުގަނޑު ނެރުނެވެ. ވަރަށް ގިނައިރު އިސްތަފާއާއެކު ވާހަކަދައްކަން ތިބީމެވެ. ޖަލުގެ ވަރަށްގިނަ ވާހަކަތައް ދެކެވުނެވެ. ކަންތައްތައް އިތުރަށް ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑު ބޭނުންކުރުމަށް ވޯލްޑްބޭންޑް ރޭޑިޔޯއެއް ގެއިން ގެނެވޭނެގޮތް ހަމަޖައްސަވައި ދެއްވާނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު އެދުނުކަންތަކުން މިހާތަނަށް ނުވެއޮތީ މިކަންތައް އެކަންޏެވެ. މިކަމުގައި ފަރުވާކުޑަ ކުރެވެނީ އަބަދުވެސް އަޅުގަނޑު އަތުގައި ކިތެންމެކުޑަނަމަ ވެސް ރޭޑިޔޯއެއް އޮންނާތީއެވެ. އަދި އަޅުގަނޑު ލިޔާސިޓީތައް ބައްލަވާކަމާއި އެސިޓީތަކުގެ އިބާރާތްތައް ވަރަށް ރަނގަޅުކަމާއި ބައެއްސިޓީގައި ހުންނަވާހަކަތަކުން އިސްތަފާއަށް ވެސް ބައެއްކަހަލަ ފައިދާތައްވެ އަގުހުރި މައުލޫމާތު ލިބޭކަމަށް ވިދާޅުވިއެވެ.

އަދި އާންމުމައުލޫމާތު އިތުރުވެގެން ދާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު މެންނާދޭތެރޭގައި ވަރަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވިއެވެ. ނިންމާލަމުން އިލްޔާސްގެ ސޫރައާއިސިފަ މާލޭގައި ގެންގުޅުއްވާ ގޮތަށް ބަދަލުކޮށް ލެއްވުން ރަނގަޅުވާނެ ކަމަށް އަޅުގަނޑު ކައިރީގައި ވިދާޅުވެދެއްވިއެވެ. މިވިދާޅުވަނީ ބޮލާއިތުނބުޅި މާލޭގައި ބަހައްޓާފައި ހުންނަގޮތަށް ކޮށާލާވާހަކައެވެ. އަޅުގަނޑު މިބައްދަލުވުން ނިންމާލާފައި ނުކުތީ ތިޔަހުރިހާ ކަމަކަށް ވިސްނާނެކަމަށް އިސްތަފާއަށް ދަންނަވާފައެވެ. ބޮލާއިތުނބުޅި ކޮށާލައި މާލޭގައި އުޅުނުއިރުހުރި ސޫރައާއި ސަފައަށް ބަދަލުވުމަށް އައިމަގު މަތީގައި އަޅުގަނޑު ނިޔަތްގަނެ މާދަމާ އެކަންކުރުމަށް އަޒުމް ކަނޑައެޅީމެވެ. އިސްތަފާގެ ބަސް ގަބޫލު ކުރަން ހިތަށް އެރީއެވެ.

1990 ވަނަ އަހަރު ބޯކޮށިގޮތަށް ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާހުރެފައި ބޯކޮށާލާއި ތުނބުޅި ރީތިކޮށްލުމުގެ ވާހަކަ:

7 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 654 ވަނަ ދުވަހެވެ. މިއަދު ހެނދުނުސައި ބޮއިނިމިގެން ހެދިގޮތަކީ، އިއްޔެނިޔަތް ގަތްގޮތަށް، ބޯކޮށާއި ތުނބުޅިކޮށާއި މާލޭގައި ހުންނަ ސިފައާއި އެސޫރައަށް މީހާބަދަލުވީއެވެ. މިއީ ވަކިމީހެއްގެ މަޖްބޫރުންކުރި ކަމެއްނޫނެވެ. އެހެނަސް މިކަމުގެ ކްރެޑިޓް އިސްތަފާއަށް ހައްގުވާނެއެވެ. މިކަންކުރުމަށް އަޅުގަނޑުގެ ހިތަށްވަނީ، އިސްތަފާއާ އިއްޔެވާހަކަދައްކާ ނިމުމަށްފަހުއެވެ. ބައެއްފަހަރު ގެއަށްދެވުނު ދުވަހަކުންނޫނީ، މިކަންނުކުރާނަމޭ ވެސް ހިތަށްއަރާހެދިއެވެ.

ކޮންމެއަކަސް މިބުރުގައި ޖަލަށްލީއްސުރެ ބޮލުންނާއި ތުނބުޅިން އިސްތަށްޓެއް ނުކަނޑާ ހުރެފައި ބޮލާއިތުނބުޅި ކޮށާލީމިއަދެވެ. ބޮލަށާއި ސިކުނޑިޔަށް ފެންވަރާ ލުމުން ވަރަށް އަރާމުކަންލިބި ވަރަށްބޮޑަށް ފަސޭހަވެގެން ދިޔައެވެ. މިއަދާހަމައަށް ދެއަހަރު ވަރުވީއެވެ. އެންމެފަހުން ބޯކޮށައިދިނީ، ޚޫރުޝީދު އިސްމާއީލް (ހޫއްޓޭ) އެވެ. އެއީ އަޅުގަނޑު މަންތިރި މައްސލާގައި ޖަލުގައި ބަހައްޓާފައި، 45 ދުވަސް ހަމަވެގެން ގެއަށްގެނައި ދުވަހުއެވެ. ގޭގައި ބެހެއްޓީ އެންމެދެދުވަހުއެވެ.

45 ދުވަސް ހަމަވުމުން، އަނެއްކާވެސް ގެނެސް ދޫނިދޫޖަލަށް ލީއެވެ. އަދިވެސް މިހުންނަނީ އެގޮތަށެވެ. އެފަހަރުގެ ބޯކޮށުން ތުނބުޅިއާއެކު، ހޫއްޓޭ ކޮށައިދިނީ، ޖަވާހިރުވާދީގައި، 1990 ވަނަ އަހަރުގެ ޑިސެންބަރ މަހުގެ، 23 ވީއާދީއްތަ ދުވަހުގެ މެންދުރު، 11:45 ގައެވެ. ދެންއެހުރިގޮތަށް މިއަދާޖެހެންދެން ވެސްހުރީ ބޮލުންނާއި ތުނބުޅިން އެއްގޮތަކަށް ވެސް އިސްތަށްޓެއް ނުކަނޑައެވެ.

މިގޮތަށް މިކަންކުރަންޖެހުނީ ސަބަބެއް އޮވެގެންނެވެ. މިބުރުގައި ކުޑަގޮޅީގައި ބަންދުކުރިފަހުން އެއްދުވަހެއްގައި ސުލައިމާނު ސަރުދާރު ކައިރީގައި ތުނބުޅިކޮށާލާއި ރީތިކޮށްލަން ކަތުރެއް ގެނެސްދިނުމަށް އެދުމުން، ސުލޭމާނު ސަރުދާރު ބުނުއްވީ، ނުލިބޭނެ ކަމަށެވެ. ދުވަހަކު ތުންބުޅިނުކޮށިޔަސް ކަތުރެއް ނުލިބޭނެއެވެ. އެއީ ކުށްވެރިންނަށް ދިނުން މުޅިން މަނާއެއްޗެކެވެ. ކަތުރެއް ނުލިބޭނެއެވެ.

ކަތުރަކަށް އަޅުގަނޑު އެދުނީ ކުޑަގޮޅީގައި ފެންނުވަރާ ގިނަދުވަސް ވާގޮތަށް އޮންނައިރު ތުނބުޅިދިގުވުމުން ހިރުވާއި އުނދަގޫވާތީއެވެ. އަޅުގަނޑުގެ ތުނބުޅިކޮށާއި ތުނިކޮށްލާނެގޮތް ސަރުދާރު ސުލައިމާނު ހަމަޖައްސައި ނުދެއްވީމާ، އެކަމުގެ އިހްތިޖާޖެއްގެ ގޮތުން ބޯނުކޮށާއި ތުނބުޅިނުކޮށައި އެހުރިގޮތަށް މިއަދާހަމައަށް ދޫކޮށްލާފައި ބެހެއްޓީއެވެ.

އެހެނަސް ބޭނުމިއްޔާ ހުކުރުދުވަހު ފެންވަރަން ނެރޭއިރު ރޭޒަރެއްދެއެވެ. މިގޮތަށް ތުނބުޅިބާލާކަށް އަޅުގަނޑު ބޭނުމެއްނޫނެވެ. ފަހަކަށް އައިސް ތުނބުޅި ދިގުކަމުން ބަހައްޓަންޖެހެނީ ދަތްދޮޅިދޮށުން ތުނބުޅި ބަނދެފައެވެ. މިގޮތަށް ހުއްޓާނެގިފައިވާ ފޮޓޯއަކީ، ޖަވާހިރުވާދީއަށް މާމައާއި ބައްދަލުކުރުމަށް ގެންދިޔަދުވަހު ނެގިފޮޓޯއެވެ. މިފޮޓޯ އަޅުގަނޑުގެ ސައިޓުގަޔާއި ފޭސްބުކްގެ އެކައުންޓުގައި ފެންނަގޮތަށް މަތިކޮށްފައި ހުންނާނެއެވެ. ބައްލަވާލައްވާށެވެ.

ތުނބުޅިބަނދެގެން ގެންގުޅުން

އޭރުއަބަދުވެސް އުޅެނީ ބަންނަރަބަރުން ތުނބުޅިއާއި އިސްތަށިގަނޑު ބަނދެގެންނެވެ. ބޯކޮށާއި ތުނބުޅިރީތިކޮށްލީ މިއަދުހެނދުނު، 8:30 ގައެވެ. މިކަންކޮށްދިނީ އަޅުގަނޑު މެންނާއެކު ޖަލުގައިހުރި، އާދަންޒާހިރުގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލިގްރޫޕްގައި ހިމެނޭ ވާފިރު (ވާއްޕެ) އެވެ. ހޫއްޓެ އަޅުގަނޑުގެ ބޯކޮށައިދިން ދުވަހުނެގި ފޮޓޯވެސް އަޅުގަނޑުގެ ސައިޓްގަޔާއި ފޭސްބުކްގެ އެކައުންޓުގައި މަތިކުރެވިފައި ހުންނާނެއެވެ. އެފޮޓޯނަގާފައި ހުންނާނީ ގަމީސްނުލައެވެ. ގަމީސްނުލާ އެހެރީ ބޯކޮށިގޮތަށް ފޮޓޯނަގާށާއި ހިކިފައިހުރިވަރު ދަށްކާލުމަށެވެ. ބައްލަވާ ލައްވާށެވެ.

ޖަލުންއައިސް ބޯކޮށުން

8 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 655 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. މިއަދު ކުޅޭށާއި މޫދުގައި އުޅުނުއިރު އިސްތަށިގަނޑު ނެތީމާ ވަރަށްބޮޑަށް ފަސޭހައެވެ. ބޮލާއި ސިކުނޑިޔަށް ވަރަށްއަރާމެވެ. މޫދަށްދާއިރު ބަހައްޓަނީ ބޮލުގައި ޒައިތޫނިތިޔޮ ވަށާފައެވެ. ކަސްރަތަށް ނުކުންނަ އިރުބަހައްޓަނީ މުޅިގައިގާ ވެސް ޒައިތޫނިތިޔޮ ގިނައިން ވަށާފައެވެ. ހަމާއި މަސްގަނޑަށް އޭރުން ވަރަށް ރަނގަލެވެ.

9 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 656 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރަ ދުވަހެކެވެ.

10 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 657 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ވިންޓަރާއި ސައްޕެއާއި ނާސިރުގޭގެ މީހުންޖަލަށް އައިސް މިމީހުންނާ ބައްދަލުކުރިއެވެ. ސައްޕެގޭގެ މީހުންނާއެކު އަބަދުވެސް ނާސިރުގޭގެ މީހުންއާދެއެވެ. މިހެންވަނީ، ނާސިރު ބަލަހައްޓާ މީހަކީ ސައްޕެ ކަމުގައިވާތީއެވެ.

11 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 658 ވަނަ ދުވަހެވެ. މިއަދު ސައްޕެ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މަންމައާއި ތުއްތައާއި ޒަހީނުބެ މިއަދުޖަލަށް އަޅުގަނޑުމެންނާ ބައްދަލުކުރުމަށް އައެވެ. މިއަދުގެ ބައްދަލުވުން ހިނގާދިޔައީ ވަކިވަކިންނެވެ. އަބްދުއްﷲ ހުސައިނާ ވެސް ބައްދަލުކުރިއެވެ. އަބްދުއްﷲ ހުސައިނަކީ ވެސް އަޅުގަނޑުމެންގޭގެ ކުއްޖެކެވެ. ގެއިން ކެއުމުގެވަރަށް ގިނަސާމާނު ލިބުނެވެ. އަބްދުﷲ ހުސައިނަށް ވެސް ބައެއްސާމާނު ހުއްޓެވެ.

12 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 659 ވަނަ ދުވަހެވެ. ބޭރުގައި ޑްރަގް މައްސަލައެއްގައި ބަންދުކޮށް ފައިހުންނަ، ޝަންމި މިއަދުމާލެ ގެންދިޔަޚަބަރު ލިބުނެވެ. މީނާގެފަރާތުން މިއަދުހަވީރު ލިބުނު ޚަބަރަކީ އުފާވެރިޚަބަރެކެވެ. މއ.ސިލްވަރސީން އަލީވަހީދު ހަސަން މަނިކު މިނިވަންކޮށް މުޅިން ދޫކޮށްލައިފި ވާހަކައެވެ. މިކަން ހިނގާފައިވަނީ މީނާބުނާ ގޮތުންނަމަ، މިދިޔަ ހަފްތާގައެވެ.

އަރުވާލާފައި ހުއްޓާގެނެސް މިނިވަންކޮށް ދޫކޮށްލެއްވީއެވެ. ރައީސް މައުމޫނުގެ ދީލަތި އިނާޔަތެއްގެ ގޮތުގައެވެ. އަބަދުވެސް ގައިދީން މިނިވަންކޮށް ދޫކޮށްލައްވަނީ ރައީސް މައުމޫނުގެ ދީލަތިފުޅު ކަމުންނެވެ. ބޮޑުއިނާޔަތެއްގެ ގޮތުގައެވެ. މިކަންވަނީ މީހުންގެ ހިތަށް ވައްދައި ދީފައެވެ. މިއީ ރާއްޖޭގައި ގައިމުކޮށްފައި އޮންނަ ވަރަށް ނުބައި ސަގާފަތެކެވެ. މިއީމީހުންގެ ސިކުނޑިދޮވެލުމަށް އަޅުވާފައި އޮންނަ ބޮޑުފަރުދާއެކެވެ.

ހަމައެގޭ ނައުޝާދު ވަހީދު ވެސް މިނިވަންކޮށް ދޫކޮށްލާފައިވަނީ މިދިޔަ ހަފްތާގައެވެ. ނައުބެދޫކޮށްލީ ދުވަސްކޮޅަކު ގޭގައި ބަހައްޓާފައެވެ. 1990 ވަނަ އަހަރު ބޮޑުޑިމޮކްރެސީއަށް ހިންގިހަރަކާތް ތަކުގައި އަމަލީގޮތުން ބައިވެރިމީހުން، މިނިވަން ކުރަންފެށީއެވެ. ސިލްވަރސީނުން ދެމީހުން މިނިވަންވީއެވެ. މިކަމުގައި އެގެއިން ހުކުމްކުރީ މިދެމީހުންނަށް އެކަންޏެވެ.

13 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 660 ވަނަ ދުވަހެވެ. މިއަދު ލޭޑީއިބްރާހީމް މަނިކު ޖަލަށް ދުރުވިއެވެ. ނެރުނީ އަންނިއެވެ. އިތުރު ސުވާލުތަކެއް ކުރާށެވެ. އަންނި، ރައީސް މައުމޫނު އަރިހަށް އޭނާގެ މައްސަލައެއް ހައިކޯޓަށް ހުށަހެޅުމަށް ބޭނުންވެގެން ލިޔުނު ސިޓީއަކާ ގުޅުވައިގެންނެވެ. އަންނިލިޔުނު ވާހަކަތައް ސަރުކާރަށް ކަމުނުގޮސް، މިނިސްޓްރީ އޮފް ޑިފެންސުން އިތުރު ސުވާލުތަކެއް ކުރަންބޭނުންވީއެވެ.

ވަރަށް ހެއްވާކަމެކެވެ! ޝަރުއީކޯޓަކަށް ލާސިޓީއަކާ ބެހޭގޮތުން ސުވާލުކުރަނީ، ޑިފެންސުން ސިފައިން ފޮނުވައިގެންނެވެ. މިއީވެސް ވަށްތަރެއްގެ ރިޔާސީ ނިޒާމެއްގެ ޑިމޮކްރެޓިކް ވެރިކަމެކެވެ. އެސިޓީގައި އަންނި ލިޔުއްވި ވާހަކައަކީ މާބޯޑުވާހަކައެއް ވެސް ނޫނެވެ. ލިޔުއްވާފައިވަނީ، ތަހްގީގުކުރިއިރު ސިފައިން އޭނާއަށް އޮޅުވާލައިގެން ބަޔާންނެގުމުގައި ކަންތައްތަކެއް ހިންގާފައިވާ ވާހަކައެވެ.

އަދި އެބަޔާނަކީ ސިފައިން އުނިއިތުރު ގެނެސްފައިވާ އެއްޗެއްކަމަށެވެ. އަދި އަންނި، ސައްޕެ ކައިރީގައި ނުބުނާވާހަކަ ތަކެއް ބުނިކަމަށް ހަދައިގެން، ދޮގުވާހަކަތަކެއް ލިޔެފައިވާ ބަޔާނަކާ ބެހޭގޮތުން ކޯޓުގައި ޝަރީޢަތަށް ހާޒިރުކޮށް ސުވާލުކުރުމަކީ، ސިފައިން ރާވައިގެން ހިންގި ބޮޑުއޮޅުވާލުމެއް ކަމަށެވެ. އަދި ސިފައިންގެ ބަޔާނުގައި ސައްޕެ، އަންނި ގާތުގައި އެވާހަކައެއް ބުނެފައިވާކަމަށް ލިޔެފައިއެވަނީ ސައްޕެއަށް ބިރުދށްކައިގެން ކަމަށެވެ.

ސައްޕެ އެބަޔާނުގައި ސޮއިކޮށްފައިވާނަމަ، އެސޮއިކުރުވާފައި އެވަނީވެސް އަނިޔާގެ ބިރަށާއި ޖާނުގެ ސަލާމަތަށްޓަކާ ކަމަށް އަންނި ލިޔުއްވާފައި ވެއެވެ. މިވާހަކަތައް ހައިކޯޓަށް ލިޔުމަކީ ބޮޑުވެގެންވާ ކުށަކަށް ވެގެން ސިފައިން ޖަލަށް އައިސް ބަޔާނެއް ނަގަނީއެވެ. ލޭޑީއިބްރާހީމް މަނިކު ބޭނުންވެލައްވަނީ، އަންނި ލިޔުއްވި އެސިޓީއަކީ، އަންނިއަތުން ލިޔުއްވި ސިޓީއެއްކަމުގެ ބަޔާނެއްނަގާ ސޮއިކުރުވާށެވެ.

މިއީ ކޮންމަގްސަދެއްގައި ކުރަންއުޅޭ ކަމެއްކަން ސާފެއްނުވެއެވެ. އިތުރުދައުވާ އެއް ކުރެވޭތޯ ބަލަނީކަމަށް ވެދާނެއެވެ. ބިރުގެންނެވުމުގެ އަމަލަކށް ވުންވެސް އެކަށީގެން ވެއެވެ. ލޭޑީ މިބަޔާން ލިޔުއްވުމަށް ފަހު، އަންނިލައްވާ ސޮއިކުރުވަން ވަރަށް މަސައްކަތް ކުރެއްވިއެވެ. އެހެނަސް އަންނި އެބަޔާނުގައި ސޮޔެއް ނުކުރެއްވިއެވެ. ލޭޑީއަށް ޖެހުނީ ހުސްއަތާ އެނބުރިދާށެވެ.

14 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 661 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. މިއަދު ހަވީރު ވަގުތެއްގައި އިސްތަފާ، އަޅުގަނޑާ ބައްދަލުކުރެއްވިއެވެ. މިބައިން ބޭރަށްނެރެ ޖަލުއޮފީހުގައެވެ. ބޯކޮށާލާފައި ހުއްޓަފެނުމުން އިސްތަފާ ހުންނެވީ ވަރަށް އުފަލުންނެވެ. އެކަމަކު އޭނާގެ މޮޅުކަމަކީ، އެއްގޮތަކަށް ވެސް އެކަމަށް އެއްވެސް އިޝާރާތެއް ނުކުރައްވައެވެ. އެއްސެވީ އަދިވެސް ދަތިވާއިތުރު ކަމެއްއޮތްތޯއެވެ. އަޅުގަނޑު އެދުނީ، އަބްދުއްﷲ ހުސައިން އަޅުގަނޑުމެން ތިބޭބަޔަށް ބަދަލުކޮށް ދެއްވާތޯއެވެ. ހަމަ ވަގުތުން އެކަންތައް ކޮށްދެއްވިއެވެ.

އިސްތަފާ ފުރާވަޑައިގަތީ، އަބްދުﷲ ހުސައިން މިބަޔަށް ލައްވާފައެވެ. އަޅުގަނޑުމެން ޖަވާހިރުވާދީ އެންމެން އެއްތަނަކަށް ޖަމާވީއެވެ. ހަންދު، ބިގޭ، އަޅުގަނޑު އަދި އަބްދުﷲ ހުސައިނެވެ. ކޮއްކޮއިބުރޭވަނީ، 23 ސެޕްޓެންބަރ ގައި ގެއަށް ބަދަލުކޮށްފައެވެ. އަދި ކޮއްކޮއަލީ ވަނީ މާކުރިން މާލޭއަށް ގެންގޮސް، ނ.އަތޮޅަށް އަރުވާލާފައެވެ. އަބްދުﷲ ހުސައިން މިބަޔަށް ގެނެސް ވެއްދީ، އަޅުގަނޑު ވެސް އުޅޭކޮޓަރިއަށެވެ. މިވަގުތައް އަނެއްކާވެސް ކޮޓަރީގައި ދެމީހުން ހަމަވީއެވެ.

މިރޭގެ ވަގުތެއްގައި ހިނގިކަމަކީ އިބުރޭ (ކާދޫ) މިބައިން ނެރެގެން ގެންގޮސް ބޭރުގައިހުރި، އަބްދުﷲ ހުސައިން ނެރުނުގޮޅިއަށް ލީއެވެ. ބިގޭ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރ މުހަންމަދު އަހްމަދު ހޮސްޕިޓަލަށް ގޮސް އެކްސްރޭއެއް ނެގުމަށް މިއަދު ލިޔެދެއްވިއެވެ. ވަރަށްބޮޑުކަމެއް ދިމާވިއްޔާނޫނީ މިހާރަކަށް އައިސް ހޮސްޕިޓަލަށް މާލެއަށް ނުގެންދެއެވެ. ޖަލަށް ވަޑައިގަންނަވާ ޑޮކްޓަރަކީ، ޑޮކްޓަރ މުހަންމަދު އަހްމަދެވެ. އަޑުއިވޭ ގޮތުގައި މީނާއަކީ މިނިސްޓްރީ އޮފް ޑިފެންސަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ ޑޮކްޓަރެކެވެ.

15 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 662 ވަނަ ދުވަހެވެ. މިއަދު އަންނިއާ އަންނިގެ ލޮބުވެތިބައްޕަ ބައްދަލު ކުރެއްވިއެވެ. މާލޭގެ ވަކިޚާޢްސަ ޚަބަރެއްނެތެވެ. މިއަދު ލަކްސްލީން މަސްއޫދަށް ހުކުމްއިއްވި ޚަބަރުލިބުނެވެ. އަރުވާލުމަށެވެ. 4 އަހަރަށެވެ.

16 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 663 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ރޭގަނޑު ގާތްގަނޑަކަށް، 8:45 އެހާކަންހާއިރު ރަންކޮކާ މުހަންމަދު ރަޝީދާއި ޖަލުއޮފީހުން ނަސީމް، މިބަޔަށް ވެންނެވިއެވެ. ރަޝީދުވިދާޅުވީ، މިރޭޖަލަށް އައިސްމިއުޅެނީ، މިރަށުގައި މަސައްކަތްކުރާ ސިފައިންގެ ބޭފުޅެއްގެ ދަރިފުޅަކަށް ނަންކިއުމުގެ ޕާޓީއެއްއޮވެގެން އެދައުވަތަށެވެ.

ދެން ހަދާންވެގެން އިލްޔާސް މެންގާތަށް ހާލުއަހުވާލު އަހާލަން ވަދެލީކަމަށެވެ. ރަޝީދު ހުންނެވީ ޓައިނާޅުއްވާ ވަރަށް ނުރަސްމީކޮށެވެ. މައްކޮގެހާލު އަހާލުމުން، ވިދާޅުވީ އަދި މައްކޮއަށް ހުކުމްނީއްވާ ކަމަށެވެ. މަސްއޫދު، 4 އަހަރަށް އަރުވާލުމަށް ނިމިއްޖެކަމުގެ ވާހަކަ ކަށަވަރުކޮށް ދެއްވިއެވެ. މިވާހަކަތައް ވަރަށް ތަފްސީލުކޮށް ހަމަޖެހިލައްވައިގެން ހުންނަވައި އަޅުގަނޑާއެކު ހިއްސާކުރެއްވިއެވެ. ގިނައިރުތަކެއް ވަންދެން ވާހަކަ ދެއްކެވިއެވެ.

17 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 664 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަދި މިއަދު އާދިލްގެ ދޮންބައްޕަ އާދިލްއާ، ބައްދަލުކުރިއެވެ.

18 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 665 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. މާލޭންލިބުނު ޚަބަރަކީ، މައްކޮކޯޓަށް ގެންގޮސް ކުރީދުވަހެއްގެ ބަޔާންލިޔުނު މަޙްޟަރުގައި ސޮއިކުރުވިކަވެ. ހީވަނީ މައްކޮއަށް ވެސް ހުކުމަކާ ކާރިވަނީ ހެންނެވެ.

19 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 666 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ކޯޓުނަންބަރު، 6 އަށް ގެންދިޔައެވެ. ކުރީދުވަހެއްގައި ގ.އުތުރުގޭ މައްކޮ މައްސަލާގައި ހެކިބަހަށް ނަގާފައިއޮތް ބަޔާން، މަޙްޟަރުފޮތުގައި ލިޔުމަށް ފަހު، ސޮއި ކުރުވުމަށެވެ. ބޮޑަށް ލަފާކުރެވެނީ، ދެދުވަހެއްހާ ހިސާބުގައި މައްކޮއަށް ހުކުމް އިއްވަން އުޅެނީހެންނެވެ. މިއަދު ކޯޓުކާރިން ޒީނަތުއައްބާސް ފެނިގެންވާހަކަ ދެއްކީމެވެ. މިއީ ރިޝްވާނުގެ އެއްބަނޑު އެއްބަފާ ދައްތައެވެ. ޒީނަތާވާހަކަ ދައްކާލެވުނީމާ، ވަރަށް އުފާވިއެވެ.

މިރޭގެ ވަގުތެއްގައި އަބްދުﷲ ސަލީމް، މިބަޔަށް ގެނެސް ވެއްދިއެވެ. އަޅުގަނޑާއި އަބްދުﷲ ހުސައިނާ ދެމީހުންތިބޭ ކޮޓަރިއަށެވެ. މިހާރު މިކޮޓަރީގައި، 3 މީހުން ހަމަވީއެވެ. އަދިވެސް އިތުރުމީހަކު ގެނައެވެ. ގދ.ތިނަދޫ މީހެކެވެ. ނަމަކީ ޒާހިރެވެ. ވެއްދީ އާދިލްއުޅޭ ކޮޓަރިއަށެވެ. އެއީ، 12 ނަންބަރު ކޮޓަރިއެވެ. އަޅުގަނޑު ހުންނަނީ، 10 ނަންބަރު ކޮޓަރީގައެވެ. މިދަންނަވާ ޒާހިރަކީ އަންހެންކުއްޖެއްގެ ގަޔަށް ވަޅިއަކުން ހަމަލާދޭން މަސައްކަތްކުރި ކަމުގެ ކުށުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، 10 އަހަރުދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހެކެވެ. މިވީގޮތުން މިއަދު މިބަޔަށް ދެމީހުން އިތުރުވީއެވެ. ދެން މިވަގުތު ހުސްކޮށް ހުރީވެސް ދެމީހުންގެ ޖާގައެވެ.

20 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 667 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. އަދި ހަންދުވެސް މާލެއަށް ގެންދިޔައެވެ. ހަންދުކޯޓަށް ހާޒިރުކުރީ، މައްކޮ މައްސަލައިގެ ހެކިބަސް އެހުމަށެވެ. މައްކޮއަށް ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮނމުގެ ޚަބަރުތައް އިނގޭނެކަމަށް ހަންދުކޯޓުގައި އެއްބަހެއް ނުވިއެވެ. ކޯޓުގައި ހަންދުހެކިބަސް ދިނީ، މައްކޮގާތުގައި ހަންދު، އެވާހަކަ ނުބުނާކަމަށެވެ.

ޖަލުތެރެއިން ބޮޑުސަރަހައްދެއް ސާފުކޮށް ދަނޑުވެރިކަން ކުރުމުގެ ވާހަކަ:

އަޅުގަނޑުމެން ތިބޭބައިގެ ބޭރުގައި ދަނޑުވެރިކަން ކުރުމަށް ހުއްދަދެއްވި ސަރަހައްދަށް، މިއަދު ފުރަތަމަ ފަހަރަށް ނެރުނެވެ. މިއީ އަޅުގަނޑުމެން ދަނޑުވެރިކަން ކުރުމަށް ހަމަޖައްސައި ދެއްވި ސަރަހައްދެކެވެ. މީގެފަހުން މިސަރަހައްދަށް ނެރުންއޮންނާނީ ކޮންމެދުވަހަކު މެންދުރުކެއުމަށް ފަހުގައިކަމަށް އެންގިއެވެ. މިގަޑިނިމި އެތެރެއަށް ވަންނަންޖެހޭ ގަޑިއަކީ، މަޣްރިބް ނަމާދަށް ބަންގިގޮވުމުގެ ކުޑައިރުކޮޅެއް ކުރިންނެވެ. މިއީވެސް ޖަލުންބޭރުގައި ލިބޭވަރަށް ގިނަވަގުތެވެ.

އަޅުގަނޑު މެންނަށްލިބުނު އިތުރުމިނިވަން ކަމެކެވެ. މިއަދުނުކުމެ ކުރިމަސައްކަތަކީ، މިސަރަހައްދު ސާފުކުރުމެވެ. މިމަސައްކަތުގައި ހުރިހާގައިދީން ބައިވެރިވިއެވެ. މިސަރަހައްދަކީ، އަޅުގަނޑުމެންތިބޭ ބަޔާޖެހިގެން ހުސްކޮށްއޮންނަ ފުދޭވަރެއްގެބޮޑު ސަރަހައްދެކެވެ. މިރޭގެ ވަގުތެއްގައި ޖަލުއޮފީހުން ނަސީމު ދުރުވެ، އެސަރަހައްދަށް ނުކުމެއުޅޭއިރު އަމަލުތައް ބަހައްޓަންވީ ގޮތުގެ އެއްބަސްވުމެއްގައި ހުރިހާގައިދީން ލައްވާސޮއި ކުރުވިއެވެ.

މިސަރަހައްދު ބެލެހެއްޓުމުގެ ވެރިންގެ ގޮތުގައި އިސްކޮށްތިބުމުގެ ޒިންމާ، ހަވާލުކުރީ އަންނިއާއި އަޅުގަނޑާއި ސައްޕެއާއެވެ. އެސަރަހައްދާބެހޭ ހުރިހާކަމެއް ރާވާއި ބެލެހެއްޓުމަކީ، އަޅުގަނޑުމެން ތިންމީހުންގެ މަސްއޫލިއްޔަތެކެވެ. ކުރާނެކަމަކާއި އާންމުދަނީއެއް ހޯދޭނެގޮތެއް ރާވާ ހިންގަންވީއެވެ. ޖަލުއޮފީހުން އެހީތެރިވާގޮތަށެވެ. މިސަރަހައްދުގައި ބޭނުންވައްތަރެއްގެ ގަސްއިންދައި ބޭނުން މަސައްކަތެއް ކުރަންވީއެވެ.

އަޅުގަނޑުމެން ސައްލާކޮށް ނިންމީ ވަށައިގެން ފަޅޯގަސްޖަހާއި އެތެރޭގައި މިރުސް އަދި އެހެންވަށްތަރުގެ ތަރުކާރީގަސް އިންދާށެވެ. އަދި މާދަމާއިން ފެށިގެން މިމަސައްކަތް ފެށުމަށް ނިންމުނެވެ. އަދި އެސަރަހައްދުގައި ހުރިރުކެއް ރާކުރަންވެސް އަޅުގަނޑުމެން ނިންމީމެވެ. މިއީ އަންނި އަމިއްލަފުޅަށް ކުރަންނިންމި ކަމެކެވެ. އަދި މިކަމަށް ބޭނުންވާ ސާމާނުގެއިން ގެންނަގޮތަށް އަންނި ނިންމެވިއެވެ.

21 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 668 ވަނަ ދުވަހެވެ. މިއަދު ހަންދު މާލެއަށް ކޯޓުނަންބަރު، 6 އަށް މައްކޮގެ ޝަރީޢަތުގައި ހެކިބަސްދިން ބަޔާނުގައި ސޮއިކުރުވުމަށް ގެންދިޔައެވެ. އަންނި ވެސް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ލޮލުގެކުޑަ ވަރެއްގެ އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޑޮކްޓަރުލަފާ ދީފައިވާތީއެވެ. މިކަމާގުޅިގެން ދެދުވަހެއް ވަންދެން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. އިޝާނަމާދަށް ފަހުގެވަގުތެއްގައި ޖަލުއޮފީސް ބަލަހައްޓާ، ނަސީމް މިބަޔަށް ވެންނެވިއެވެ. ވަކިޚާއްސަ ބޭނުމެއް އޮވެގެނެއް ނޫނެވެ. އަޅުގަނޑުމެންނާ ވާހަކަ ދައްކާލައްވަން ވަޑައިގެންނެވީ ކަމަށް ވިދާޅުވިއެވެ.

22 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 669 ވަނަ ދުވަހެވެ. މިއަދު ވިންޓަރޝަރީފް ހައިކޯޓަށް ހާޒިރުކުރުމަށް މާލެގެންދިޔައެވެ. މިއަދު ގެންދިޔަ މައްސަލައަކީ ސަލްޓަންޕާކު ކަޓޫރަބޮމުގެ ކަންތައް އެނގިހުރެނާންގާ ސިއްރުކުރި މައްސަލައެވެ. ކުޅެންށާއި މޫދަށް މިއަދު ނެރުނެވެ. މިއަދު ވިންޓަރުގެ ފަރާތުން، މައްކޮއަށް ހަތަރު އަހަރު ދުވަހަށް އަރުވާލުމަށް ނިޔާކަނޑައެޅި ވާހަކަލިބުނެވެ. އެހެނަސް އަދިވެސްހުރީ ގޭގައިކަމަށް ވެއެވެ.

23 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 670 ވަނަ ދުވަހެވެ. މިއަދުކުރި މަސައްކަތަކީ، ފައިދޮވުމަށާއި ގޯތިތެރެއަށް ފެންޖަހާ ހެދުމަށް ބޭނުންވެގެން މިބައިގެތެރޭގައި ފެންއިސްކުރެއް ގުޅީއެވެ. ހޮޅިއާއި އިސްކުރާ ތަކެތިދިނީ ޖަލުއޮފީހުންނެވެ. މިމަސައްކަތުގެ ބޮޑުބައި އަމިއްލައަށް ކުރީހަންދު އެކަންޏެވެ. މިއަދުހަވީރު އަންނި މާލެއިން ހޮސްޕިޓަލުގެ ކަންތައް ނިމިގެން އަނބުރާޖަލަށް ގެނައެވެ. މުޅިން ހުރިހާކަމެއް ރަނގަޅެވެ. ވަރަށް ޚަބަރުތައް ވެސް ލިބުނެވެ. އޭގެތެރޭގައި މައްކޮއަށް ހުކުމްއިއްވި ވާހަކައާއި މާލެތެރޭގެ ބައެއްޚަބަރު ތަކާއި ބޭރުން އަޅުގަނޑު މެންގެކަންތަކާ ބެހިގެން ހިންގަމުން ގެންދާ ބައެއް ކަންތައްތަކުގެ ޚަބަރުތައް ހިމެނެއެވެ.

24 އޮކްޓޯބަރ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 671 ވަނަ ދުވަހެވެ. ކުޅޭށާއި މޫދަށް ނެރުނެވެ. ބިގޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިތާތެރޭގައި އިއްޔެބެހެއްޓި ފެންއިސްކުރުން، ފެންބޭރުވާން ގުލީއެއްހަދާއި އެއިސްކުރު ކައިރީގައި ތަޅުންކޮޅެއް އަޅާއި ޖަންކްޝަނަށް ފެންދާ މައިހޮޅިއާ ގުޅާހެދިއެވެ. މިކަންތައް ވެސްކުރީ ހަންދުއެވެ.

ހަންދުއަކީ މިކަހަލަ ކަންތަކަށް ވަރަށްބަރާރު މީހެކެވެ. ހުރިހާކަމެއް އަމިއްލައަށް ކުރަންދަނެއެވެ. ބޭރުންލިބިފައިވާ ބިންސާފުކުރުމާއި އެތާހުރިތާނގީ ވަޅެއް ސާފުކޮށް ގަހަށް ފެންޖެހޭނެ ގޮތަށް ހެދުމަށް ބޭނުންވާބައެއް މަސައްކަތް ކުރެވުނެވެ. މިހާރުހުރީ މާލޭންފަޅޯއޮށާއި ބަށިއޮށާއި މިރުސްއޮށް ހޯދާފައެވެ. ސާފުކޮށް ފަސްގަނޑު ޖަހާހަދާލެވުނުހާ އަވަހަށް އޮށްތައް އިންދަންވީއެވެ.

25 އޮކްޓޯބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 672 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ކުރީދުވަހުގެ ބަޔާނުގައި ސޮއިކުރުވުމަށެވެ. މިއަދު އަންނިގެ މަންމަ އަންނިއާ ބައްދަލުކުރިއެވެ. މާލޭން ތަރުކާރީގެ ބައެއް ވަށްތަރުތަކުގެ އޮށްޕެކެޓް ތަކެއް އަންނިއަށް ލިބުނެވެ. ގަސްއިބްރާހީމް މަނިކާއި ޖަލުއޮފީހުގެ ނަސީމް މިއަދު ހަވީރު ގަސްއިންދާ ސަރަހއްދުގެ މަސައްކަތް ބައްލަވާލަން ވަޑައިގަތެވެ.

އަޅުގަނޑުމެން ކޮށްފައިހުރި މަސައްކަތް ބައްލަވާލައްވާފައި އެބޭފުޅުން އަޖައިބެ ވަރަށް ފޯރިދެއްވިއެވެ. މިއަދަކީ ފުރަތަމަ ފަހަރަށް މިތަނުގައި ގަސްއިންދި ދުވަހެވެ. މިއަދުއިންދީ ސަރަހައްދު ވަކިވާހިސާބުގައި ސަރަހައްދު ވަކިވާގޮތަށް އަށްފޫޓުން އަށްފޫޓަށް ފަޅޯގަހެވެ. އޮށްއިންދައިގެން ކައިވަތަކަށް ބޮޑެތިވެފައިހުރި ގަސްތަކެކެވެ. މިގަސްތައް ފުރަތަމަ ތަނެއްގައި އިންދައިގެން މުޑުވަށް ކޮށްފައި މިއަދު އަލުން އިންދީއެވެ.

26 އޮކްޓޯބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 673 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ގެއިން މިއަދު ނޫސްބޮނޑިއެއް ލިބުނެވެ.

27 އޮކްޓޯބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 674 ވަނަ ދުވަހެވެ. މިއަދު ސައްޕެމާލެއަށް ގެންދިޔައެވެ. އަދި ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ވިންޓަރަށް އިއްވިފައިހުރި ހުކުމްތައް އިސްތިއުނާފް ކުރަނީއެވެ. އެއްވެސް ބަދަލެއް އަންނާނެހެނެއް ހިއެއްނުވެއެވެ. މިއީ ވިންޓަރު ކުރައްވާ ބޭކާރުކަމެއްކަން އަޅުގަނޑުމެންނަށް ޔަގީނެވެ. ހައިކޯޓަށްވުރެ މަތީގައި ރައީސް މައުމޫނުގެ އަމިއްލަފުޅު ސްޕްރީމް ކޯޓުގެ ބާރުއޮތްކަން ވިންޓަރު ގަބޫލެއް ނުކުރެއެވެ.

ދަށުކޯޓުތައް ވެސް ހިންގަމުން މިދަނީ، ރައީސް މައުމޫނުގެ ބާރުގެ ދަށުންނެވެ. ރައީސް އޮފީހުން ކޯޓުތަކަށް ސިޓީފޮނުވާ ހަދައެވެ. މިއީ ހުރިހާ ދިވެހިން ދަންނަ ހަގީގަތެކެވެ. ވިންޓަރު ބޯހަރުކަމުން މިކަންގަބޫނުކޮށް ގާނޫނުއަސާސީ ގަދަބާރުން ތަންފީޒުކުރުވަން މަސައްކަތް ކުރަނީއެވެ. މިއަދު ސައްޕެ ގެންދިޔައީ ކޯޓުނަންބަރު، 6 ށެވެ. ސައްޕެގެ މައްޗަށް ދައުލަތުން ދައުވާކުރާ ބިދޭސީރިޕޯޓަރުންނާ ބައްދަލުކޮށް ސަރުކާރާއި ރައްޔިތުންނާ ޖެހޭފާޑުގެ ވާހަކަތައް ދަށްކާއި ފިތުނައުފެދޭ ގޮތަށް މައުލޫމާތު ދިން މައްސަލައެއް ގައެވެ.

މިއަދު މިގެންދިޔައީ މިމައްސަލާގައި ހުކުމް އިއްވެވުމަށެވެ. މިހާލަސްކޮށްފައި ގާޒީ މިމައްސަލަ ނިންމެވީ ސާބިތުނުވާ މައްސަލައެއްގެ ގޮތުގައެވެ. މިހާހިސާބުން ސައްޕެއާ ދައުލަތުން ދައުވާކުރެއްވި ހުރިހާ މައްސަލަތަކެއް ނިމުނީއެވެ. މިހާރު ސައްޕެގެ މައްޗަށް ހުކުމްނީއްވާ އެއްވެސް ކަމެއްނެތުނީއެވެ. ސައްޕެގެ ހުރިހާކަމެއް ނިމުނީއެވެ. ސައްޕެއަކީ މިހާރު ރައީސް މައުމޫނަށް މުޅިން އާވަށްތަރެއްގެ ޖަލެއްކުރަހައިދޭ މާމަތީ ފެންވަރުގެ ޒަމާނީ އިންޖިނޭރަކަށް ވެސްވަނީ ވެފައެވެ.

ސައްޕެ މިވާހަކަތައް އަޅުގަނޑު މެންނައި އެއްގޮތަކަށް ވެސް ހިއްސާއެއް ނުކުރައްވައެވެ. އިރުއިރުކޮޅާ އިސްތަފާއާއި ޑިފެންސްގެ މަތީބޭފުޅުން ސައްޕެއާ ބައްދަލުކުރެއެވެ. އަޅުގަނޑު ހިތަށްއަރަނީ މިޖަލުއެޅޭނީ ކޮންއިރަކުން ބާވައެވެ. މިޖަލުވަނީ ޑިފެންސް ބޭފޫޅުންގެ ހުވަފެނީ ޖަލަކަށް ވެފައެވެ. މަތީފެންވަރުގެ ޚިޔާލީފޮލާއަކަށް ވެފައެވެ. ހީވަނީ މިވެރިން ހައްދާފައި ބޭތިއްބުމަށް ސައްޕެ މޮޅީހެންނެވެ.

ރޭގެ ވަގުތެއްގައި ނަސީމު ސިޓީއެއް ގެނެސްދިނެވެ. މިއީ އަޅުގަނޑަށް ގެއިންފޮނުވި ސިޓީއެކެވެ. ޖަވާހިރުވާދީގައި ފިހާރައެއްހުރި ބިމުގައި ގަރާޖެއް ހެދުމަށް ހުއްދަހޯދުމަށް މާލޭ މުނިސިޕަލްޓީއަށް ބޭނުންވާސިޓީ ލިޔެފައި ފޮނުވައިދިނުމަށް އެދި އަޅުގަނޑާއި ބިގޭއާއި ހަންދުއަށް ގެއިންފޮނުވާފައިވާ ސިޓީއެވެ. އަޅުގަނޑުމެން ހަދަންވީގޮތަކީ، ޖަވާހިރުވާދީގައި ވެހިކަލް ދޮވެސާފުކުރާ ގަރާޖެއް ހެދުމަށް ހުއްދައަށްއެދި އަޅުގަނޑުމެންގެ ނަމުގައި ސިޓީއެއް މުނިސިޕަލްޓީގެ ރައީސަށް އެޑްރެސްކޮށް ލިޔެފައި ޕްރިސަންސް މެދުވެރިކޮށް ގެއަށް ފޮނުވައި ދޭންވީއެވެ.

ގެއިން އެހެންމީހުންގެ ނަމުގައި ފޮނުވާ ސިޓީތަކާއެކު މިސިޓީތައް ވެސް މާލޭ މުނިސިޕަލްޓީއަށް ފޮނުވައިދޭ ގޮތަށެވެ. ގަސްއިންދާ ސަރަހައްދުގައި ހުރިވަޅު ދެވަނަފަހަރަށް ހިއްކާހެދުމަށްފަހު މިއަދު އެވަޅުގެ މަސައްކަތް މުޅިން ނިންމާލެވުނެވެ. މިހާރު އިންދާފައިހުރި ގަސްތަކަށް ކޮންމެދުވަހަކު ފެންދެނީ އެވަޅުންނެވެ. ފަޅޯގަސްތައް ތާޒާކޮށް ހެދެންފަށައިފިއެވެ.

ހުރިހާގަހެއް ވެސް، ﷲގެ އިރާދަފުޅުން ރޯވެހެދެން ފަށައިފިއެވެ. މިގަސްތަކުން ކޮންމެވެސް ބަޔަކަށް ފައިދާކުރާނެކަން ކަށަވަރެވެ. ފޯދި މޭވާއަންނަން ދެން އަޅުގަނޑު މެންނަށް ތިބެވިއްޖެ ނަމަ އެއުފާ ލިބޭނެއެވެ. މިގަސްތައްފޯދި ކާނާލިބެންދެން މިތަނުގައި ތިބެވޭނެނަމައޭ ބައެއްފަހަރު ހިތަށްއަރައެވެ. ޚާއްސަކޮށް ފަޅޯކާހިތްވާ ވަރުންނެވެ. ގަސްތައް ހެދޭލެއް ރީތި ކަމުން މިކަންތައް ހަމަ ހިތަށް ވަންނަނީއެވެ. ފެންދިނުމާއި މިބައި ބެލެހެއްޓުމުގެ އިސްރޯލް އަދާކުރަނީ ސީދާ އަޅުގަނޑެވެ. އަލުގަނޑު ގިނަވަގުތު ހޭދަކުރަނީ އެތަނުގައެވެ.

28 އޮކްޓޯބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 675 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. އަބްދުﷲ ހުސައިން މާލެއަށް ގެންދިޔައެވެ. ޖަވާހިރުވާދީގައި ވެހިކަލްދޮވެ ސާފުކުރާ ގަރާޖެއް ހެދުމުގެ ހުއްދައަށް އެދި އަޅުގަނޑުމެން ތިންމީހުން ލިޔުނުސިޓީ މިއަދު މާލެއަށް ފޮނުވުމަށްޓަކާ ޖަލުއޮފީހާ ހަވާލުކުރީމެވެ. އަބްދުﷲ ހުސައިން ޑޮކްޓަރަށް ދެއްކުމަށްފަހު ގެނައިހަވީރެވެ. މިއަދު އިސްތަފާ ވަޑައިގެން ގަސްއިންދާ ސަރަހައްދު ބައްލަވާލެއްވުމަށް ފަހު، މިބަޔަށްވެސް ވެންނެވިއެވެ. ހުންނެވީ ވަރަށް އުފަލުންނެވެ. އަޅުގަނޑުމެންގެ މަސައްކަތަށް ޝުކުރުއަދާ ކުރެއްވިއެވެ. ޖަލުގައި މިހާތަނަށް އެއްވެސް ބަޔަކު މިކަހަލަކަމެއް ކޮށްފައިނުވާ ކަމަށް އިސްތަފާ ވިދާޅުވިއެވެ.

29 އޮކްޓޯބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 676 ވަނަ ދުވަހެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް ގެންދިޔައެވެ. ހުރިހާޝަރީޢަތެއްގެ އަޑުއެހުންތަށް މިއަދުނިމުނީއެވެ. ދެންއޮންނާނީ ބަޔާންތަކުގައި ސޮއިކުރުން ކަމަށް ވިންޓަރު އައިސްހަވީރު ކިޔައިދިނެވެ. ވިންޓަރު ހުންނަވަނީ މިހުކުމްތަކަށް ބަދަލު އަންނާނެ ކަމުގެ އުފަލުގައެވެ. ގަސްއިންދާ ސަރަހައްދުގައި ފަޅާފައިހުރި ކުދިގަސްތައް ރުވާއި އިންދަންވާ ތަންތަނުގައި އިންދުން މިއަދު ވެސްއޮތެވެ. މިއަދުވެސް މިރުސްގަހާއި ބަށިގަހާއި ފަޅޯގަސް އިންދީމެވެ.

30 އޮކްޓޯބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 677 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިހާރަކަށް އައިސް އަނެއްކާވެސް މޫދުންހިފުނުހާ ވަށްތަރެއްގެ މަސްތައް ހިފައިގެން ޖަލަށް ގެންނަމެވެ. ކައްކައިގެން ކާއްޓާއެކު ކާލަނީއެވެ.

31 އޮކްޓޯބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 678 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ގަސްތަކަށް ފެންދީ ގަސްތައް ބަލަންތިބީއެވެ. ރާކުރަން ގަސްތުކުރިރުކުގައި ހަރުބަނުމަށް މިއަދު ސައްލާކުރެވުނެވެ. ރާވެރިބެޔަކީ އަންނިއެވެ. މިހާރުވަނީ ގެއަށް ބަންޖަކާއި ބަޅުވަޅިއަކާއި ރާކުރަން ބޭނުންވާ ހުރިހާ ސާމާނު ގެއިން ގެނެއުމަށް އަންގާފައެވެ.

1 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 679 ވަނަ ދުވަހެވެ. މިއަދުގެއަށް، މަންމައަށް ސިޓީއެއް ލިޔުނީމެވެ. މެންދުރުފަހުގެ ވަގުތެއްގައި ޖަލުއޮފީހާ އެސިޓީ، ގެއަށްފޮނުވުމަށް ހަވާލުކުރީމެވެ. ކުޅޭށާއިމޫދަށް މިއަދު ނެރުނެވެ. މޫދުންއައި ތަނާހެން، އަބްދުލްޣައްފާރު އެކުގައި މާލެގެންދިއުމަށް ބަލާއައެވެ. ބޭރުންވެސް ދެމީހަކު ގެންދިޔައެވެ. އެއީ ޑީޑީއަކާއި އަލީޝިޔާމް ގ.އޮމެގާ މާލެއެވެ. މަޣްރިބް ނަމާދަށްފަހު، މިތިންމީހުން ސާމާނާއެކު މިތަނުން ނެރެގެން މާލެގެންގޮސްފިއެވެ. އަދިވެސް އިތުރުބަޔަކު ބޭރުން ގެންދިޔަޚަބަރު މިރޭގެފަހު ވަގުތެއްގައި ލިބުނެވެ. މިއީ މީހުން މިނިވަންކުރާ މަސްހަރެވެ. ނަސްރުގެ މަސްހަރެވެ. ޖަލުގެ މިބައިން މިހާތަނަށް، 5 ޖާގަ ހުސްވީއެވެ.

2 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 680 ވަނަ ދުވަހެވެ. މިއަދުހެދުނު އަނެއްކާވެސް ވާއްޕެލައްވާ ބޯކޮށީމެވެ. ތުނބުޅި މިގެންދަނީ ގަވައިދުންކޮށާއި ރީތިކޮށް ބަލަހައްޓަމުންނެވެ. މިއީ މިބުރުގައި ޖަލުގައި ބޯކޮށާ ދެވަނަ ފަހަރެވެ. އަޅުގަނޑުގެ ބޯކޮށައިދޭ މީހަކީ އަބަދުވެސް ވާއްޕެއެވެ. މިއަދު ހެދުނުޚަބަރުގައި ރޭޑިޔޯއިން ލިބުނީ، ޖަލުގެ ގައިދީންނަށް ވަރަށް މުހިންމު އުފާވެރި ޚަބަރެކެވެ. 273 ކުށްވެރިންނަށް ރައީސުލް ޖުމްހޫރިއްޔާ މައުމޫނު އަބްދުލް ގައްޔޫމު އަފޫކުރައްވާއި މައާފުދެއްވައިފި ޚަބަރެވެ.

ގައިދީންނަށް މިޚަބަރު ވެގެންދިޔައީ އުފާވެރިކަމުގެ ފޮނިކޭކަށެވެ. އެންމެން ތިބީ ހިންދިރުވާލަ ހިންދިރުވާލައެވެ. ކާކަށްތޯ މިއިން އުފާވެރިކަމެއްލިބި، ކޭކުކޮޅެއް ދިރުވާލަން ލިބޭނީ ކާކަށްކަން ނޭންގިފައި އެންމެންނަށް ޖެހުނީ ހިތްކިޔާފައި ތިބޭށެވެ. މިހެން އެމަޝްވަރާގައި ތިއްބާ ރޭޑިޔޯއިން އިތުރު ތަފްސީލެއް ލިބިއްޖެއެވެ. އެކަންވީ އަނެއްކާވެސް އިތުރުގޯހަކަށެވެ. ހިތްތައްތަޅުވާލި ކަމަކަށެވެ. ޖަލުން، 6 މީހުންނަށް ރައީސް މައުމޫނުމައާފު ދެއްވިކަމަށް ރޭޑިޔޯއިން ކިޔައިފިއެވެ. އަދި އަރުވާލާފައި ތިބިމީހުންގެ ތެރެއިން، 123 މީހުންނަށް މައާފުދެއްވި ވާހަކަވެސް ގެނެސްދީފިއެވެ.

އަދި ގޭގެބަންދުގައި ތިބިމީހުންގެ ތެރެއިން، 144 މީހުން މިނިވަން ކުރެއްވި ކަމަށް ރޭޑިޔޯއިން ބުންޏެވެ. މިސައްލާގައި އެންމެން ތިއްބާ އެންމެފުރަތަމަ ބަލާއައީ މިއަދުގެ ހަވީރު ވަގުތެއްގައި ސައްޕެއެވެ. ސާމާނާއެކު ސައްޕެ މާލެގެންދިއުމަށް ޖަލުއޮފީހަށް ގެންގޮސްފިއެވެ. ސައްޕެ އާއެކުގައި ބޭރުން ތިންމީހަކު ގެންދިޔަ ޚަބަރުވެސް ލިބިއްޖެއެވެ. އެއީ އއ.ތޮއްޑޫ ދެމީހުންނާއި ރ.ކަނދޮޅުދޫ ގާސިމް ކަލޭފާއެވެ. މިއީ ދޫކޮށްލުމަށް ނުވަތަގޭބަންދަށް މިއަދު މާލެގެންދާ ގައިދީންނެވެ.

އާދިލް މިއަދު އޭނަގެމަންމައާއި އަންހެނުންނާ ބައްދަލުކުރިއެވެ. އާދިލަށް ވެސް އެބޭފުޅުންގެ ފަރާތުން ވަރަށް އުންމީދުތައް ލިބުނެވެ. މިނިވަންވާލެއް ވަރަށް އަވަސްވާނެކަމަށް އާދިލް ޚަބަރުދިނެވެ. އާދިލްގެ މަންމައަކީ މެޑަމް ނަސްރީނާއާ ވަރަށް ގާތްމީހެއްކަމަށް ޚަބަރުތައް ލިބުނެވެ. އަޅުގަނޑު މެންގެ ގެއިންވެސް ވަރަށް ގިނަސާމާނު މިއަދު ލިބުނެވެ. ކެއުމުގެ ސާމާނާއި އޭތިމީތި ހުއްޓެވެ. މިއަދު މާލެގެންދިޔަ ޝަންމި ފަރާތުން ލިބުނު ޚަބަރުގައި މިއަދު އަބްދުލްހަންނާނާއި ޖަވާހިރުވާދި އިބުރޭ (ކޮއްކޮ) މިނިވަންކޮށް ދޫކޮއްލިއެވެ.

ނުވަތަ ރާއްޖެތެރެއިން ގެއަށް ބަދަލު ކުރެއްވިއެވެ. ހަވީރު ގަސްއިންދާ ސަރަހައްދުގައި މަސައްކަތް ކުރުންއޮތެވެ. މުޅިރޭގަނޑު ދިޔައީވަރަށް މަޖާކޮށް މިވާހަކަތަކުގެ ތެރޭގައެވެ. މިރެއަކީ، ރާއްޖޭގެ ނަސްރުގެ ރެއެވެ. ރޭޑިޔޯއިން އެކަމުގެ ރަސްމީޖަލްސާގެ ޚަބަރުތައް އަޑުއެހީމެވެ. މިކަންތަކުގެ ރަސްމިއްޔާތުއޮތީ އިސްލާމީމަރްކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ރައީސް މައުމޫނު ވާހަކަފުޅު ދެއްކެވިއެވެ.

3 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 681 ވަނަ ދުވަހެވެ. މިއަދަކީ ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހެވެ. ތަމަޅައިންގެ ކުލީސިފައިންގެ ބައެއްގެ އަތުންރާއްޖެ މިނިވަންކުރި ދުވަހެވެ. ކުޑަހިނދުކޮޅަކަށް އެމީހުންމާލެއަށް ވެރިވެގަނެގެން ތިއްބެވެ. ރައީސް އޮފީހުގައި ކުޑަހިނދުކޮޅަކަށް ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ ރައީސް މައުމޫނު އިންނަވާ ގޮނޑިކޮޅުގައި އިންނެވި ކަމަށްވެސް ވެއެވެ. އެދުވަހަކީ ދިވެހީންނަށް ބިރުވެރި ދުވަހެކެވެ.

އަދި ދިވެހިންގެ، 19 މީހުން މިހާދިސާގައި ޝަހީދުވެގެން ދިޔަދުވަހެކެވެ. ރަސްމީބަންދު ދުވަހަކަށްވާތީ ޖަލުތެރޭގައި އެއްވެސް ކަމެއްނެތެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ސައްޕެ ފިޔަވާ އިއްޔެމާލެއަށް ގެންދިޔަ ބައެއްމީހުންނަށް ހުކުމުން ބޮޑުބައެއް މައާފުދެއްވުމަށް ފަހު އަނބުރާ ޖަލަށް ގެނައިދެތިން މީހަކުވެސް ވެއެވެ. އަނެއްބަޔަކު އަރުވާލަންށާއި އެގަށް ބަދަލު ކުރެއްވީއެވެ. މިއީ ބޭރުންގެންދިޔަ މީހުންނެވެ. ސައްޕެއާ، އިސްތަފާ އިބްރާހީމް މަނިކު ވަރަށްދިގުކޮށް ވާހަކަދެއްކެވުމަށް ފަހު، ބަދަލުކުރެއްވީ ގެއަށްކަމަށް ޚަބަރުލިބުނެވެ.

4 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 682 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ރޭޑިޔޯއިން ޚަބަރުލިބޭގޮތުގައި މިއަދު އެމެރިކާގައި ރިޔާސީއިންތިޚާބު ބޭއްވެމުން އެބަދެއެވެ. ކުރީގައި އަދިއޮތީ، ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ބިލްކްލިންޓަނެވެ. އަޅުގަނޑުމެން ޖަލުގައި ތިބެގެމް ތާއީދުކުރާ މީހަކީވެސް އެއީއެވެ. ހޮވޭނެހެން ހީވަނީވެސް ބިލްކްލިންޓަނެވެ.

އަޅުގަނޑު ރޭގައި ޖަލުއޮފީހަށް ނަސީމުކައިރިއަށް ގެންދިޔައެވެ. ނަސީމް ވިދާޅުވީ މިފަހަރު ތިތާތެރެއަށް ނުދާންވެގެން، އިލްޔާސް އޮފީހަށް ގެނައިކަމަށެވެ. މިގެނައި ކުށްވެރިވެގެންނެއް ނޫނޭ، ނަސީމު އަނގަތަޅާލާހިތުން ގެނައީކަމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑާ ވަރަށް ގިނައިރު ވަންދެން އަނގަތެޅުއްވިއެވެ. ޤަޟާޤަދަރާއި ސިހުރުހާހޫރައާ ބެހޭގޮތުން ވަރަށްގިނަ ވާހަކަ ދެއްކެވިއެވެ. ކޮންމަގްސަދެއްގައި ކުރެއްވިކަމެއް ކަމެއް ނޭގެއެވެ. އިސްތަފާ ވިދާޅުވެގެން އަޅުގަނޑުގެ ވިސްނުން ހުރިގޮތް ބަލަނީކަމަށް ވެސް ވެދާނެއެވެ.

ނޫނީ އަޅުގަނދައި ރައްޓެހިކަން ބާއްވަން ބޭނުމީ ކަމުގައި ވެސް ވެދާނެއެވެ. ވާހަކަތައް ދައްކަމުނެ ގެންދިޔައީ ވަރަށް މަޖާމޫޑެއްގައެވެ. ވަކިމަގްސަދެއް އޮވެގެންކުރެއްވި ކަމެއްހެނެއް ހިޔެއްނުވެއެވެ. އަޅުގަނޑާ އޮންނަގާތްކަމުން ހަމައަނގަ ތަޅާލެއްވީ ކަމަށް އަޅުގަނޑު ނިންމާއި އަޅުގަނޑު ވެސް ގިނައިން އަޅުގަނޑަށް އެނގިފައިހުރި އިލްމީހަގީގަތުގެ މައްޗަށް ބިނާކޮށް ވާހަކަތައް ދިގުކޮށް ދެއްކީމެވެ. ނަސީން އިންނެވީ ވަރަށް މަޖާވެފައެވެ. އަދި އަޅުގަނޑާ ވަރަށް ގަޔާވެފައެވެ. ބޯލާށޭ ކިޔާފަ ކޯކްދަޅެއް ވެސް ދިނެވެ. މިކަން ނިންމާފަ ޖަލަށް، އާދެވުނީ ދަންވަރު، 12 ޖަހަނިކޮށެވެ.

5 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 683 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ކޮންމެދުވަހަކު ވެސް ގަސްތަކަށް ފެންދިނުން އޮވެއެވެ. ގަސްތައް ހެދެމުންދާލެއް ވަރަށް ރީއްޗެވެ. ކޮއްކޮއިބުރޭއަށް އެފްޕީއައިޑިގެ މަޝްހޫރު ކެސެޓްރޯލާ ބަހޭގޮތުން އިއްވާފައިވާ، 5 މަސްދުވަހުގެ އަރުވާލުމުގެ ހުކުމް އަދިވެސް މައާފުނުދެއްވާ އޮތްކަމުގެ ޚަބަރު މިއަދު ލިބުނެވެ. އިބުރޭހުރީ އަރުވާނުލާ ގޭގައިކަމަށް ވެސް ޚަބަރުލިބުނެވެ.

އަރުވާލުމަށްއޮތް ފަސްމަސް ދުވަސް ގޭގެބަންދަށް ބަދަލުކޮށް ދެއްވާފައި އޭނާހުރީ ގޭގައެވެ. އަދި ކޮއްކޮ އަލީރަޝީދު ހުސައިންވަނީ ރާއްޖެތެރެއިން ގެނައުމަށް އަންގާފައިކަމަށް ޚަބަރުލިބުނެވެ. ގެއަށްކަމެއް، ދޫކޮށްލައްވަން ކަމެއް އަދިއެއް ނޭނގެއެވެ. އަލީގެންނަނީ ދޫކޮށްލާށޭ ވެސް ކިޔައެވެ. މުޅިން ދޫކޮށްލެއްވިނަމަ، މިހާރުވެސް ހުންނާނީ ރައީސް މައުމޫނު އެއަމުރު ނެރުއްވި ދުވަހުން ފެށިގެން މިނިވަންވެފައެވެ. އަދި އަރުވާލާފައި ހުރިރަށުން މާލެއަށް ނުގެނެވެނީ ކަމަށް ވެދާނެއެވެ.

މިދޭތެރެއިން ކުރީދުވަހެއްގައި ސައްޕެ މާލެއަށް ގެންދިޔައީ، ރައީސް މައުމޫނާ ބައްދަލުކުރަންކަން މިއަދު އަޅުގަނޑުމެންނަށް ޚަބަރުލިބި، އޮޅުންފިލާއި ސާފުވިއެވެ. ސައްޕެގެ މަކަރުވެރި ގީދަޅުކަމުން މިވާހަކަބޭއްވީ، އަޅުގަނޑުމެންނަށް ނާންގާސިއްރުކޮށް ފައެވެ. މިއީ ސައްޕެގެ ބޭވަފާތެރިކަމެވެ. ސައްޕެއަކީ ޖަލުގައި ހުރިއިރު މާމޮޅުޖަލެއް ކުރަހައިދިނުމުގެ ނަމުގައި ސަރުކާރާ މާގާތްގުޅުމެއް ސިއްރުން ގެންގުޅުއްވި ބޭފުޅެކެވެ. މިކަން ވެސް ގެންގުޅެނީއަހުރެމެންނަށް ސިއްރުކޮށެވެ. އެވާހަކަތަކާއި އެކުރަހާ ކުރެހުންތައް އަޅުގަނޑުމެންނަށް ދައްކާއި ޝެއާކޮށެއް ނުހަދައެވެ.

މިވާހަކަ އަޅުގަނޑު މެންކައިރީ ނުބުނެ މިހާގިނަ ދުވަސް ވެފައިވަނިކޮށް މިކަން އަޅުގަނޑުމެންނަށް ފަޅާއެރީ، ނާސިރުގެ ފަރާތުންނެވެ. ސައްޕެގެ އެކަހަލަ ކަންކަން ބުނެދެނީ ނާސިރެވެ. އެއީ ސައްޕެގެ ބޮއި އެވެ. ސިލްވަރސީން އިބްރާހީމް ވަހީދު ދޫކޮށްލިޚަބަރު މިއަދުލިބުނެވެ. މީނާއަކީ މަޖީދުސަރ އާއި ވެލަބުލި އަލިފުޅައެކު ބަންދުކުރި މީހެކެވެ. މިމީހުންތިބި ބަންދަކީ، މާލެތެއަށް ސިއްރުން ސިޔާސީ ލިޔުންތަކެއް އެޅިމައްސަލަ އެއްގައި ފުލުސްކޯޓުން ކުރެއްވި ހުކުމެއްގެ ބަންދުގައެވެ.

މިއީ ޑޮކްޓަރ ވަހީދަށް ތާއީދުކޮށް އެބޭފުޅުން ހިންގެވި ރާއްޖޭގެ އިސްލާހީ ހަރަކާތާ ގުޅުންހުރި ކަމެކެވެ. މިކަހަލަ ކަންތަކަށް އޭރުހުކުމް އިއްވަމުން ގެންދިޔައީ ފުލުސްކޯޓުން ވަރަށް ރާސްޓަސްކޮށެވެ. އަޅާލުމެއް ބަލާލުމެއް ނެތިއެވެ. ހެއްކެތްގަރީނާއެއް ބޭނުމެއްނުވެއެވެ. މިކޯޓު ހިންގާފައިވަނީ، ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކާއި އިންސާނިއްޔަތާއި އިންސާނީ ކަރާމަތްތެރިކަމާ ޚިލާފަށެވެ.

ސަރުކާރުބަދަލުވި ދުވަހަކުން ފުލުސްކޯޓުގެ ކަންތައްބަލާ އެކަންތައް ހިންގި މުޖްރިމުންނަށް ހައްގުއަދަބު ދޭންޖެހޭނެއެވެ. އަދި ޖަލުގައި ބޮޑެތިއަނިޔާތައް ރާވައިގެން ހިންގިމީހުންގެ މައްސަލަތައް ބެލުމަށްފަހު، އެފަދަ މުޖްރިމުންނަށް ހައްގު އަދަބުތައް ދޭންޖެހޭނެއެވެ. މިއީ އަލަށް އުފަންވާ ސަރުކާރަކަށް އަޅަންޖެހޭނެ ވަރަށްމުހިންމު ފިޔަވަޅުތަކެކެވެ. މިއީ އަހުރެންގެ ވިސްނުން ހުންނަ ގޮތެވެ. އެހެނަސް ސީދާ ވެރިކަމަށް ކުރިމަތިލާހުތެއް ނުވެއެވެ.

6 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 684 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނުހިންގައެވެ. ގަސްތަކަށް ފެންދިނުން އޮތެވެ. އެސަރަހައްދުގައި ހުރިވަޅު އަނެއްކާވެސް ހިއްކައި ސާފުކޮށް ހެދީމެވެ.

7 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 685 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ފުދޭވަރަކަށް މަޖާވި ދުވަހެކެވެ.

8 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 686 ވަނަ ދުވަހެވެ. ރާކުރަން ތައްޔާރުކުރާރުށް ސާފުކޮށް ހަދާއި ގަސްތަކަށް ފެންދިނުންއޮތެވެ. މިހާރު ރުކުގައިހުރީ ހަރުބަނދެ ނިމިފައެވެ. މިކަންކުރީ އެކިދުވަސް މަތިންނެވެ. މަސައްކަތް ފަށަން ރެޑީކޮށެވެ. އަންނިއަށް ގެއިންސާމަނު ލިބުމުން ރާކުރަންފަށާ ގޮތަށެވެ. މިއަދު ގެއިން އަޅުގަނޑަށް ވޯލްޑްބޭންޑްރޭޑިޔޯއެއް ލިބުނެވެ. މިރޭޑިޔޯއިން ދުނިޔޭގެހުރިހާ ހިސާބެއް ސާފުކޮށް ލިބެއެވެ. 12 ބޭންޑުން ވެސް ރީތިކޮށް ސާފުކޮށް ލިބެއެވެ.

ގެއިން ޖަލަށް ފޮނުވި ރޭޑިއޯ

މިރޭޑިޔޯގެ މޮޑެލްނަންބަރަކީ ސޮނީ، އައިސީއެފް، 7601 އެވެ. މިރޭޑިޔޯއާއި ކުރިންޖަލުގައި ވަގަށް އެތެރެކޮށްގެން ގެންގުޅުނު ކުޑަކުޑަރޭޑިޔޯ އަދިވެސް އެބައޮތެވެ. މިދެރޭޑިޔޯގެ ފޮޓޯ ސައިޓަށާއި ފޭސްބުކަށް، ﷲ އިރާދަކުރެއްވިއްޔާ އަޕްލޯޑް ކުރާނަމެވެ. ޕްރިސަންސުން މިއަދު އަޅުގަނޑަށް، ޖަވާހިރުވާދީގައި ގަރާޖެއް ހެދުމުގެ ހުއްދައަށްއެދި ލިޔުނުސިޓީތައް ގެއާހަވާލުކޮށް ނިންމައިފިކަމަށް ޖަވާބުދެއްވި ސިޓީލިބުނެވެ.

އަބްދުﷲ ހުސައިން މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުން އަބްދުﷲ ހުސައިނާ، ކޮއްކޮ އިބުރޭގެ އަންހެނުން، އަންދިޔާ ދިމާވެގެން ސަލާން ފޮނުވިއެވެ. އަދި ގަރާޖުގެ މަސައްކަތުގެ ހުއްދަވަރަށް އަވަހަށް ލިބިދާނެކަމަށް އަންދިގެ ފަރާތުން ޚަބަރުލިބުނެވެ. އަލީ މާލެ ގެނެސް މިނިވަންކޮށް މުޅިން ދޫކޮށްލި ވާހަކައާއި އިބުރޭ އަދިހުރީ ގޭގެބަންދުގައި ކަމަށް އަންދި ޚަބަރުދިނެވެ. އިބުރޭގެ އަރުވާލުމުގެ ހުކުމް ގޭބަންދަށް ބަދަލުކޮށް ދެއްވީއެވެ. ބާކީއޮތީ އެންމެ ފަސްމަސްދުވަސް ކަމަށް ބުންޏެވެ.

ލަކްސްލީން މަސްއޫދުގެ އަރުވާލުމުގެ ބާކީބައި ގޭބަންދަށް ބަދަލުކޮށް ދެއްވިޚަބަރުވެސް އަންދިދިނެވެ. މިހާރު މަސްއޫދުވެސް ހުންނެވީ ގޭބަންދުގައެވެ. އަޅުގަނޑަށް ލިބުނު އާރޭޑިޔޯއިން މިރޭ، ޚަބަރުއަހަން ފެއްޓީމެވެ. ނުނިދާވަރަށް ގިނައިރުވަންދެން ރޭޑިޔޯހިފައިގެން ފެންޑާގައި އެއްތަނުން އަނެއްތަނަށް އަޅުވައިގެން އިނީއެވެ. އަޅުގަނޑަކީ އަބަދުވެސް ވަރަށް ރޭޑިޔޯ އަޑުއަހާހިތްވާ މީހެކެވެ. ބީބީސީއާއި ސީއެންއެން ގަވައިދުން އަހަމެވެ. އަރަބި އޮރުދޫ ބަހުންވެސް އަހާހަދަމެވެ. އުރުދޫ ބީބީސީއަކީ އެންމެއަހާހިތްވާ ޕުރޮގުރާމް ޗެނަލެވެ. މިއީ ވަރަށް ހިތްގައިމު ރޭޑިއޯ އެކެވެ. މުޅިން ބަރާބަރެވެ. މިފަދަ ރޭޑިޔޯއެއް ޖަލަށް ފޮނުވައި ދެއްވީތީ، ލޮބުވެތި މަންމައަށް ޝުކުރުވެރި ވަމެވެ.

9 ނޮވެންބަރ 1992 ވީހޯމަ ދުވަހެވެ. ޖަލުގައި ހުންނަތާ، 687 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ރޭޑިޔޯ ޚަބަރުދޭގޮތުގައި މިއަދަކީ ރައީސް މައުމޫނު ސަރުކާރުގެ ބޮޑުދުވަހެކެވެ. ފުރަތަމަ ހެނދުނު، 8 ޖެހިއިރު މިނިސްޓްރީ އޮފް ޖަސްޓިސް ހިންގާނެ އިދާރީބައި ހިމެނޭއޮފީސް ބަޔާއި ހުރިހާކޯޓުތަކެއް ހިންގާނެ ބައިތަކާއި ޢަރްޝީފު ހިންގާނެ އިދާރީބައި ހިމެނޭބިލްޑިންގް ރައީސް މައުމޫނު މިއަދު ހުޅުވައި ދެއްވިއެވެ.

އެއަށްފަހު، ދެންއޮތީ މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއޭ) ބިލްޑިންގް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ބަދަރު ސަރަހައްދުގައި އެއިމާރާތުގެ ބިންގާއަޅުއްވައި ދެއްވުމެވެ. އަދި ބަނދަރުގެ ދެވަނަފޭސް ނިމިފައިވުމުން އެބައި ރަސްމީކޮށް ހުޅުއްވައި ދެއްވުން ހެދުނު، 10:00 ގައި އެސަރައްދުގައި އޮތެވެ. ބަނދަރުގެ ވެރިޔަކަށް އަލްފާޟިލް އަލީއަބްދުﷲ މިބައްދަލުވުމުގައި ވާހަކަދެއްކެވިއެވެ. އަލީއަބްދުﷲ އަށް ފަހު، ރައީސް މައުމޫނުގެ ވާހަކަފުޅު އޮތެވެ.

ދެން އެއަށްފަހު، 11:30 ގައި ހުޅުއްވައި ދެއްވީ، އެލައިޑް ހެލްތެވެ. މިހާރުގެ ނަމުންނަމަ، އިންސްޓިޓިއުޓް އޮފް ހެލްތްސައިންސް އިމާރާތެވެ. މިޖަލްސާގައި ޝުކުރުދެންނެވީ، ވިޒާދާއި ވިސާމުގެ މަންމަ، އަލްފާޟިލާ ސައީދާއެވެ. އަދި ހެލްތްގައި މަސައްކަތް ކުރައްވާ، ތިޔަރަ ރަޝީދާ އާއި ޑޮކްޓަރ އަބްދުއްސައްތާރު ޔޫސުފް ވެސް ވާހަކަ ދެއްކެވިއެވެ. މިބޭފުޅުންނަށް ފަހު، ވާހަކަދެއްކެވީ ރައީސް މައުމޫނެވެ. މިހަފްލާއަށް ފަސްޓްލޭޑީ ނަސްރީނާވެސް ވަޑައިގެންނެވިއެވެ. މިއިމާރާތް ކުރެއްސެވި ފަރާތްކަމުގައިވާ، ސައްޕެއަށް ރައީސް މައުމޫނު ވާހަކަފުޅު ނިންމަވާލައްވަމުން ޝުކުރުއަދާ ކުރެއްވިއެވެ. ސައްޕެއޭރު ހުންނަވާނީ ގޭގެބަންދުގައި ދޫކޮށް ނުލައްވައެވެ.

10 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 688 ވަނަ ދުވަހެވެ. ވިންޓަރޝަރީފު އޭނާގެ ގޭގެމީހުންނާ ބައްދަލު ކުރިއެވެ. ނާސިރަށް ގެއިންސާމާނު ލިބުނެވެ. އަދި އަންނިއަށް ވެސް ގެއިންބައިވަރު ސާމާނު ލިބުނެވެ. އެހެނަސް އޭގެތެރޭގައި ރާވެރިކަމަށް ބޭނުންވާ ތަކެއްޗެއް ނެތެވެ. އަޅުގަނޑުމެން ހީކޮށްގެންތިބީ އަންނިއަށް ސާމާނުލިބޭ ދުވަހަކު މިތަކެތިލިބޭނެ ކަމަށެވެ.

އަވަހަށް ރުކަށް އަރަން ފެށޭނެކަމަށެވެ. މިއަދު މ.އޮމަދޫ އިލްޔާސް އަބްދުﷲ ގޭބަންދަށް ބަދަލުކުރެއްވި ޚަބަރުލިބުނެވެ. ސައްޕެ އަދިވެސް ހުރީގޭގައިކަމަށް ޚަބަރުލިބުނެވެ. އެހެނަސް ސައްޕެ ވަރަށް އަވަހަށް ދޫކޮށްލައްވަފާނެ ކަމުގެޚަބަރުތައް އެބަހުއްޓެވެ. މިހާރު ސައްޕެގެ ޖަލުގެހުކުމްވަނީ، ގޭގެބަންދަށް އެކުގައި ބަދަލުކޮށް ދެއްވާފައެވެ. މިއީ އިސްތަފާ އިބްރާހީމް މަނިކު ބާރުއަޅުއްވައިގެން ކޮށްދެއްވި ކަމެއްކަމަށް ޚަބަރުލިބުނެވެ.

11 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 689 ވަނަ ދުވަހެވެ. މިއަދަކީ ރައީސް މައުމޫނުގެ ވެރިކަމަށް، 14 އަހަރުފުރި، 15 އަހަރަށްފެށުނު ޖުމްހޫރީދުވަހެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތީ، 1978 ގައެވެ. މިއަދުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރަސްމީ ޖަލްސާއެއް އޮތެވެ. މިޖަލްސާގައި ރައީސް މައުމޫނު ވަރަށްދިގު ތަގްރީރެއް ދެއްވިއެވެ. މިޖަލްސާފެށުނީ ހެނދުނު، 9:30 ގައެވެ. ޖަލްސާތައާރަފް ކޮށްދެއްވީ އަލްފާޟިލް އައްބާސް އިބްރާހީމެވެ. އަލްއުސްތާޒު އަބްދުﷲ ހަމީދު ވާހަކަ ދެއްކެވިއެވެ.

ޚިދުމަތުގެ އިނާމުތައް، 27 ފަރާތަކާ ހަވާލުކުރުން މިޖަލްސާގައި އޮތެވެ. ރައީސް މައުމޫނުގެ ވާހަކަފުޅުގައި މާލެތެރޭގައި އަލިފާންޖެހި ވާހަކައާއި ސަލްޓަންޕާކްގައި ކަޓޫރަބޮން ގޮއްވާލި ކަންތަކަށް އަލިއަޅުވާލެއްވިއެވެ. މިއީ ރައީސް މައުމޫނު ދެކެވަޑައިގަންނަވާ ގޮތުގައި 3 ނޮވެމްބަރަށް ފަހު ދިމާވި އެންމެ ބޮޑުނުރައްކާތެރި ހާދިސާއެވެ. މިއަދު އަޅުގަނޑުމެން ބޭރަށް ނުނެރެއެވެ.

ބިދޭސީ ގައިދީންތައް ބޭރަށްނުނެރޭތީ މައްސަލަ ޖެއްސުމުން މިއަދު އަހުރެމެން ނުނެރެ އެމީހުން ބޭރަށް ނެރުނީއެވެ. މިވާހަކަ އޮފީހާ ދައްކާލުމުން މާދަމާނެރޭނެ ކަމާއި ބިދޭސީންގެ ކަންތަކާހެދި މިއަދު ނުނެރެވުނީ ކަމުގައި ޖަލުއޮފީހުން ބުންޏެވެ. ޖުމްހޫރީދުވަހުގެ މުނާސަބަތުގައި ބޭއްވިރަސްމީ ޖަލްސާގައި ބިދޭސީ ދެމަސްބޯޓު އަތުލައިގަތް ދެދޯންޏެއްގެ ވެރިފަރާތަށް ވެސް އިނާމު ދެއްވުން އޮތެވެ.

13 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 690 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީވެސް ރަސްމީބަންދު ދުވަހެކެވެ. މިއަދުގެ މަޣްރިބްނަމާދާއި އިޝާނަމާދާ ދޭތެރޭގައި އަލިފާނުގެ މައްސަލާގައި ހުކުމްއިއްވާފައި ހުރި، އަބްދުލްއަޒީޒު ތ.ގުރައިދޫ މިބަޔަށް ގެނެސް ވެއްދިއެވެ. އޭނާވެއްދީ، 6 ނަންބަރ ކޮޓަރިއަށެވެ. އަބްދުލްޣައްފާރު މާލެއަށް ގެންދިއުމުން ހުސްވި ކޮޓަރިއަށެވެ.

މިހާރު އަނެއްކާވެސް، 13 މީހުން މިބައިގާ ހަމަ ވީއެވެ. ޖަލުގެ މިބައިގާ ހުންނަނީ، 7 ކޮޓަރިއެވެ. ނަންބަރުދީފައި ހުންނަނީ، 6،7،8، އަދި 9،10،11،12 މިގޮތަށެވެ. ފުރަތަމަ ތިންކޮޓަރިއަކީ ދެއެނދުގެ ކޮޓަރިތެރޭގައި ފާޚާނާއެއްނެތި ހަދާފައި ހުންނަ ކޮޓަރިތަކެވެ. އަނެއް، 4 ކޮޓަރިއަކީ، 3 އެނދުހުންނަ އެޓޭޗްފާޚާނާ އާއެކު ހަދާފައި ހުންނަ ކޮޓަރިއެވެ. މިހާރު އަނެއްކާވެސް، މިބައިގައި، ތަންކޮޅެއް މީހުން މިނަވީއެވެ.

13 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 691 ވަނަ ދުވަހެވެ. ރޭގަނޑު، 9:15 ގައި އަޅުގަނޑު ޖަލުއޮފީހަށް ގެންދިޔައެވެ. އޮފީހުގައި އިންނެވީ އޮފީސް ހިންގަވާ، ކ.ހިންމަފުށީ ނަސީމެވެ. އަޅުގަނޑާ ވާހަކަ ދައްކާލަންށާއި ކުޅިވަރުގެ ގަޑިއަށްބަދަލެއް ގެންނަވާހަކަ އަންގާލަން ގެނައިކަމަށް ވިދާޅުވިއެވެ. މާދަމާއިން ފެށިގެން މިހަމަޖެއްސީ ހަވީރު، 4 ން 6 ށް ކަމަށް އެންގެވިއެވެ.

ހަތަރަކުން ފެށިގެން ފަސްގަޑި ފަނަރައަށް ކުޅެފައި ދެން ފަސްގަޑި ސާޅީސްފަހެއް ވަންދެން މޫދުގައި އުޅެފައި ހައެއްޖަހާއިރަށް އެތެރެއަށް ވަދެނިންމާ ގޮތަށެވެ. މިކަންމިގޮތަށް މިހަމަޖައްސައިދިނީ، އަޅުގަނޑު އެދިގެންނެވެ. ނަސީމް ވިދާޅުވަނީ ވަރަށް އަވަހަށް ރަނގަޅުގޮތެއް ވާނެކަމަށް އޭނާ ލަފާކުރައްވާ ކަމަށެވެ. ނަސީމުގެ ވާހަކައަކީ އަޅުގަނޑު ވެސް ވަރަށް އަވަހަށް މާލެއަށް ގެންދާނެއެވެ. ނަސީމު އަޅުގަނޑައި ވަރަށް ގާތްގުޅުމެއް ބާއްވައެވެ.

14 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 692 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީ ރަސްމީ ބަންދަށް ފަހު، އޮފީސްތައް ހުޅުވުނު ދުވަހެވެ.

15 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 693 ވަނަ ދުވަހެވެ. ރޭގެ ނިދީގައި ހުވަފެނުން ވަހީދުބެއާއި ތުއްތަ ފެނުނެވެ. އަދި ޖަލުގައި އުޅެފައި ގެންދިޔަ ފާޒިރު ވެސް ފެނުނެވެ. ބޭރުގައި ބަންދުގައި ހުރި ޝަންމި މިބަޔަށް ރޭގަނޑު ވަގުތެއްގައި ގެނެސް ވެއްދިއެވެ. އޭނާވެއްދީ ވިންޓަރުޝަރީފް އުޅުއްވާކޮޓަރި، 8 ނަންބަރަށެވެ. މިބައިގާ މިވަގުތުބާކީ ދެންހުރީ، 4 ޖާގައެވެ.

16 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 694 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު ހެނދުނު ދިހައެއްޖެހިއިރު ޖުވާނުންނާބެހޭ ޖަލްސާއެއް ގައުމީފެންވަރުގައި މާލޭގައި ފެށުނެވެ. މިޖަލްސާގައި ވާހަކަދެއްކެވީ އިސްމާޢީލަ އަބްދުލްގާދިރާއި އިލްޔާސް އިބްރާހީމާއި އަދި އަންހެން ޖުވާނެކެވެ. އެއަށްފަހު ވާހަކަފުޅު ދެއްކެވީ ރައީސް މައުމޫނެވެ. ސްޓޭޖު ބަލަހައްޓައި ދެއްވީ، މ.މިރިހިމާގެ އަބްދުއްލަތީފް މަހްމޫދެވެ.

މީނާ އަކީ ބުރުނީ މަހްމޫދުގެ ދަރިފުޅެކެވެ. މިޖަލްސާގެ ނަމަކީ، ދިވެހިޒުވަނުން، 1992 އެވެ. މިއީ ޒުވާނުންނާ ބެހޭ ގައުމީޖަލްސާއެވެ. ކުޅެންށާއިމޫދަށް މިއަދުނެރުނެވެ. މިއަދަކީ ޖަލަށް މުޅިންއަލަށް ދިވެހި އަންހެންކުއްޖަކު ގެނެސް ބަންދުކުރި ދުވަހެވެ. މިއީ މިތަނުން ޚަބަރުލިބޭ ގޮތެވެ. މީނާއަކީ ޅަފުރައިގެ ޒުވާންއަންހެން ކުއްޖެކެވެ. އަޅުގަނޑުމެން ހީހީފައި ޒުވާނުންގެ ޖަލްސާއާއެކު ޖަލަށް ދިވެހިޒުވާން އަންހެނަކު ލިބުނީތާއޭ ކީމެވެ. ދެން އިސާހިތަކު ޖަލުގައި އަންހެނުން ވެސް ގިނަވެދާނެތާއެވެ.

17 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 695 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެގެންދިޔައެވެ. އަންނި، އަންނިގެ ބައްޕައާ ބައްދަލުކުރިއެވެ. އަންނި ބައްޕަގެ ސަލާމްލިބުނެވެ. އަދި ވަރަށް އަވަހަށް ރާއެރުމަށް ބޭނުންވާ ސާމާނުލިބޭނެ ކަމުގެޚަބަރު ލިބުނެވެ.

18 ނިވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 696 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިބައިގެކޮޓަރި ތަކުގެބިއްދަށު ފާރުގައި ތަންކޮޅެއް މަތީގައި ހުންނަކުޑަ ދޮރުތަކުން ކޮޓަރިތެރެއަށް ވާރޭވިއްސާތީ އެފެންލައިޓް ތަކުގެބޭރުގައި އޮމާންޓިނުން ނިތްގަނޑެއް ޖެހުމުގެ މަސައްކަތް މިއަދު ކުރީމެވެ. ތަކެތި ދިނީމާ މިމަސައްކަތް ކުރީ ހަންދުއެވެ. މިކަހަލަ މަސައްކަތްތައް އަގަކާނުލާ އަޅުގަނޑުމެން ކޮށް ދޭތީ ޖަލުއޮފީހުން ޝުކުރުއަދާ ކުރެއެވެ.

19 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 697 ވަނަ ދުވަހެވެ. މިއަދު އާތުއާއި ހަންނުއާއި ތުއްތަ އަޅުގަނޑު މެންނާ ބައްދަލުކުރަން އައެވެ. އާތުއާއި ހަންނު (ދަރިފުޅު) ބައްދަލު ކުރީ ހަންދުއާއެވެ. ތުއްތަ ބައްދަލުކުރީ، އަޅުގަނޑާއި ބިގޭއާއި ހަންދުއާއެވެ. ގެއިންބައެއް ސާމާނުގެނެސް ދިނެވެ. ޒުވާނުންގެ ގައުމީޖަލްސާގެ ނިންމުން މިއަދުހަވީރު އޮތްކަން ރޭޑިޔޯއިން އޮޅުންފިލިއެވެ. ރައީސް މައުމޫނު ނިންމުމުގެ މިޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ.

20 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 698 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. މިއަދު ގެއިންފޮނުވި ނޫސްބޮނޑިއެއް ލިބުނެވެ. ގެއިންމުޅިން ވެސް ފޮނުވަނީ ހަވީރުނޫހެވެ. ދެން ނިއުސްވީކްގެ ކޮޕީއެކެވެ.

21 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 699 ވަނަ ދުވަހެވެ. މިއަދަކީ މިއަހަރުގެ ގައުމީފުޓްބޯޅަ މުބާރާތުގެ ފައިނަލް ކުޅުނުދުވަހެވެ. ބައްދަލުކުރީ ކުރީދެއަހަރުގެ ޗެންޕިއަން ކުލަބްކަމުގައިވާ، ނިއުރޭޑިއަންޓާއި ވިކްޓްރީ ސްޕޯޓްސް ކުލަބެވެ. މިއަދު ޝަންމި މާލެއަށް ގެންދިޔައެވެ. ހޮސްޕިޓަލަށެވެ. ގެއިންސާމާނު ފޮނުވިދުވަހު، ހަންދުއަށް ކަރަންޓު ބޭނުންކޮށްގެން ފެންކައްކާ ކުރައެއް ފޮނުވި ޚަބަރު މިއަދު ލިބުނެވެ. އެހެނަސް މިކުރާ ހަންދުއަށް ރައްދުނުކޮށް ޕްރިސަންސްގައި ބެހައްޓާފައި ހުރީއެވެ.

މިކަމާ ޖަލުއޮފީހުގެ ނަސީމާ ސުވާލުކުރުމުން ވިދާޅުވީ އެކުރާ ޕްރިސަންސްގައި ބަހެއްޓިފައި އެބަހުރި ކަމަށެވެ. ވަރަށް އަވަހަށް އޭތިޖަލަށް އެތެރެކުރެވޭ ބާވަތްތަކުގައި ހިމެނޭތޯ ބެލުމަށްފަހު، ހުއްދަލިބިއްޖެ ނަމަ ދޫކުރެވޭނެއެވެ. ހަންދުއަށް ނުފޮނުވިއްޖެނަމަ އަނބުރާގެއަށް ރައްދު ކުރެވޭނެކަމަށް މާލޭން އެންގެވި ކަމަށް ނަސީމު ބުނުއްވިއެވެ. މިޚަބަރުލިބުމުން އަޅުގަނޑު މިވާހަކަ ނަސީމުގާތުގައި ދެއްކީ މިއަދުގެ މެންދުރު ކުރިންނެވެ.

މިއަދު ހަވީރު މިދެންނެވި ފެންކައްކާކުރާ ޖަލަށްގެނެސް ހަންދުއާ ހާވާކުރިއެވެ. މިވީގޮތުން ބޭނުންވާއިރަށް ހޫނުފެން ލިބެންފެށީއެވެ. ކޮފީއާއިސައި ބޭނުން އިރަކު ބޯލެވޭގޮތް ހަމަޖެހުނީއެވެ. ނަސީމަށް ވަރަށް ޝުކުރު ދެންނެވީމެވެ. އަދި މިއަދު ކުޅެވުނުމެޗުން، ދެބައިއެއްވަރުވެ، އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހި ޑްރޯވުމުން، އަލުންމާދަމާ ނޫންއަނެއް ދުވަހު، މިމެޗްކުޅޭގޮތަށް ހަމަޖެއްސީއެވެ.

22 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 700 ވަނަ ދުވަހެވެ. މިއަދަކީ ފާހަގަކޮށްލަންޖެހޭ ދުވަހެކެވެ. މިބުރުގައި ޖަލުގައި ހުންނަތާ ބަރާބަރު، 700 ދުވަސް ހަމަވީ ދުވަހަށް ވާތީއެވެ. ﷲ ހަދާންކޮށް ދެރަކްއަތް ނަމާދެއްކޮށް، ﷲގެ ދީލަތިކަން މަތީގައި ހެޔޮހާލުގައި ފުރިހަމަ ބުއްދީގައި ޖަލުގެގޮތްނޭންގޭ އަނިޔާތަކު ތެރޭގައި ފުރިހަމަ ސިއްހަތެއްގައި ލަހައްޓަވާތީ، ހާސްހާސް ޝުކުރު ދެންނެވީމެވެ. މިކަންކުރީ ޖަލުގެ މިސްކިތުގައެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

މިއަދު މޫދުންދިރޭމަސް ވަރަށްގިނައިން ހިފައިގެން ގެނައީމެވެ. ގިނައީ ކުދިކުދި ރާބުޅައާ އެވައްތަރުގެ އެހެން މަހެވެ. ކިރުހުސްކުރި ދަޅަކަށް އަޅައިގެން ކައްކާއިގެން ކާލީއެވެ. ފެނުކެއްކި މާހާއި ކާއްޓާއެވެ. ވަރަށް މަޖަލެވެ. ގަސްއިންދާ ސަރަހައްދުގައި ހުންނަރުށްތަކުން ކާށީލިބެއެވެ. އަންނި މާލެއަށް ޑޮކްޓަރަށް ގެންދިޔައެވެ. މިއަދު ޖަލުއޮފީހުން، ގަސްއިންދާ ސަރަހައްދަށް ހެނދުނު، 6 ން ފެށިގެން ހަވީރު، 6 އަށް ނުކުމެއުޅެވޭގޮތަށް ހުއްދަދިނެވެ.

އަޅުގަނޑު ލައްވާފޮތެއްގައި ސޮއިކުރުވާފައި މިކަން ހަމަޖައްސައި ދިނެވެ. އަދި ރަސްމީކޮށް ރާކުރަން ތައްޔާރުކޮށް ފައިހުރިރުށް ރާކުރުމުގެ ހުއްދަވެސް މިއަދުދިނެވެ. މިއަދު އަންނި މާލޭން އައިސް ވަރަށް އަވަހަށް ރާވެރިއަކަށް ބޭނުންވާ ހުރިހާސާމާނެއް އެގެއިން އަންނިއަށް ލަސްތަކެއްނުވެ ފޮނުވާނެ ޚަބަރު ދެއްވިއެވެ. މިހާރު މިތިބެވެނީ މިސާމާނު ލިބޭނެ ދުވަހަކަށް ތައްޔާރު ވެގެންނެވެ. ރުށްހުރީ ހަރުބަނދެ ތައްޔާރުކޮށް ފައެވެ. ބައެއްފަހަރު މަޖަލަށް އެރުކަށް އަރާލާހަދަމެވެ.

23 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 701 ވަނަ ދުވަހެވެ. މިއަދުހަވީރު، ގައުމީފުޓްބޯޅަ މުބާރާތް ޑްރޯވެފައިވާތީ އަލުންކުޅެން ނިންމި މެޗްކުޅުން ދެވަނަފަހަރަށް އޮތެވެ. މޮޅުވީ ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. 1 ލަނޑު، 0 ލަނޑުންނެވެ. ވިކްޓްރީގެ ލަނޑުޖެހީ، އިސްމާއީލް އަނިލްއެވެ. އިނާމުތައް ބައްސަވައި ދެއްވީ ދުވަހުގެ ޝަރަފުވެރި މެހްމާނު، ރައީސް މައުމޫނެވެ. މިއަދަކީ ޖަލުގައި ވަރަށް އުފާވެރު ދުވަހެކެވެ. ވިކްޓްރީ ސްޕޯޓްސް ކުލަބަކީ އަންނިގެ ކްލަބަށްވާތީއެވެ.

ޖަލުގައި ރުކެއް ރާކުރެވޭތޯ މަސައްކަތް ކުރުން:

އުފާވެރި މިމުނާސަބަތު ފާހަގަކުރުން އަޅުގަނޑުމެން ޖަލުގައި ބޭއްވީމެވެ. މިއަދު އިރުއޮއްސުނު ފަހުން، އަންނިއަށް ރާކުރުމަށް ބޭނުންވާ ހުރިހާސާމާނެއް ލިބުނެވެ. މިކަންވެސްވީ އަޅުގަނޑު މެންނަށްލިބުނު އުފަލަކަށެވެ. އަޅުގަނޑު މެންގެރާވެރިޔަކަށް ހަމަޖެހިފައިވަނީ އަންނިއެވެ. އެއީ އަންނި ޝައުގުވެރިވާ ވަރުން އަމިއްލައަށް ކުރައްވަން ގަސްދުކުރެއްވި މަސައްކަތެކެވެ. ކަމާބެހޭފޮތްތަކާއި ލިޔުންތައް މާކުރިން ހޯއްދަވައިގެން މިހާރުވަނީ ކިޔުއްވާ ހައްދަވާފައެވެ.

އިރާދަ ކުރެއްވިއްޔާ ރާފޮދެއްބޯލަން ލިބޭނެކަމުގެ އުންމީދުއެބައޮތެވެ. މިއަދުވެސް ޝަންމި މާލެ ގެންދިޔައެވެ. މިހާގިނަގިނައިން މިކަލޭގެމާލެ ދަނީ، ހަމަ ބަލިވެގެންބާވައޭ ޝައްކު ކުރެވެއެވެ. ޝަންމިއަކީ ޑްރަގްގެ ގޮލައެކެވެ. ހުންނަނީވެސް ވަރަށް ހިކިކޮށެވެ. ވިސާމުގެ މަންމަ މިއަދުވިސާމާ ބައްދަލުކުރިއެވެ. އަޅުގަނޑުގެ ކޮއްކޮ އަލީ ރަޝީދު މާލެ ގެނެސް މިނިވަންކޮށް ދޫކޮށްލިޚަބަރު، ވިސާމުގެ މަންމަގެ ފަރާތުން ލިބުނެވެ.

ވިސާމަށް އެގެއިން ފެންހަމެއް މިއަދު ގެނެސްދިނެވެ. ވިސާމު، މީކޮންކަހަލަ ފެނެއްކަމެއް ނުބުނެދިނެވެ. ހީވަނީ އޭނަގެ މަންމަ މައްކާއިން ގެނައިޒަމްޒަމް ހަމެއްހެންނެވެ. އެހެންނޫނީ ޖަލަށް ފެންހަމެއް ފޮނުވަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވާރޭފެން ލިބެންހުރެއެވެ. ފަހަރުގައި ކިޔަވާލާފައި ހުރި ފެނަށް ވުންގާތެވެ. އެއީ ބައެއް މީހުން ކުރާކަމެކެވެ. އަވަހަށް މިނިވަން ވާށެވެ. ފެންހަމުގެ އިތުރުން ވިސާމަށް ކެއުމުގެ ބައެއްސާމާނު ވެސް ގެއިންލިބުނެވެ.

24 ނޮވެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 702 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. އަދި މުހަންމަދު އާދިލްގެ ދޮންބެ އޭނާއާ ބައްދަލުކުރުން މިއަދު އޮތެވެ. ބިސްމިﷲ ކިޔާފައި މިއަދު އަލަށް ރުކަށްއެރުން އިފްތިތާހު ކުރުންއޮތެވެ. ރުއް ރާކުރުމުގެ މަސައްކަތް ރަސްމީކޮށް މިއަދު އަންނި ފެއްޓެވިއެވެ. ޅައެތެއްގައި ފުރަތަމަ ފަހަރަށް ކަށިކިޔޮފަތް އޮޅާއި ގުދުކޮށް ލުމަށްފަހު ކޮޅުބުރުކޮށް ލިއެވެ. ވަރަށްކޮށާ ހެއްދެވިއެވެ. ތިރީގައި އަޅުގަނޑުމެން ބަލަން ތިބީމެވެ

އަންނިގެންގުޅޭ ތާރީޚީފޮތެއްގައި އެކަންކުރުމަށް ލިޔެފައިވާގޮތަށް އެ އެތުގެކުރި ބުރިކޮށްލާއި ބަންޖެއް އަޅުވާއި ހުރިހާކަމެއް ނިންމާ ލެއްވިއެވެ. ރުކުގައި ކުޅަދުރު އުޅޭތީ މިމަސައްކަތް އަންނިއަށް ކުރެވުނީ ވަރަށް ގިނައިރުގެ މަސައްކަތުންނެވެ. ފުދޭވަރަކަށް އުދަގުލުންނެވެ. އަދި ފުރަތަމަ ދުވަހަށް ވާތީ ލަސްވެސްވިއެވެ. އެހެނަސް ރުކުންފޭބީ، ފޮތުގައި އޮތްގޮތަށް ކުރަންޖެހޭ ހުރިހާކަމެއް ކޮށްނިންމާފައެވެ.

އަޅުގަނޑު ވަރަށް ޝައުގުވެރި ކަމާއެކު މިމަސައްކަތް ބަލަންރުއްބުޑުގައި ހުރިހާކަމެއް ނިމެންދެން އަންނިއަށް އެހީތެރިވާން ހުރީމެވެ. އަބަދުވެސް އަންނިކުރާ މަސައްކަތަށް ފޯރިދީ އެކަމެއް ކުރުވުމަށް އެންމެކާރީގައި ހުންނަނީ އަޅުގަނޑެވެ. އެހެންވެ ހުރިހާކަމެއްގައި ވެސް އަންނި އަޅުގަނޑަށް އިތުބާރުކޮށް ލޯބިކުރާކަން އެނގެއެވެ.  މުތާލިއާ ކުރައްވަން ގެންގުޅުއްވާ ތާރީޚީފޮތްތައް ގަދަކަމުން އަޅުގަނޑަށް ދީގެން ކިޔުވަންބާރު އަޅުއްވާނެއެވެ. މިއީ އަންނިގެ ވަރަށް ރަނގަޅު ސިފައެކެވެ.

އަޅުގަނޑުމެން އޭނަގެ ލީޑަރޝިޕްގެ ދަށަށް ލަންބާލުމުގެ ކުޅަދާނަކަން އަންނިގައިގާ ހުރެއެވެ. ދުވަހަކުވެސް ރުޅިއައިތަނެއް އަޅުގަނޑު ނުދެކެމެވެ. ރުޅިއިސްކޮށް އެއްޗެއް ވިދާޅުވި އަޑެއްނާހަމެވެ. ހުންނާނީ ހިނިތުންވެފައެވެ. ރުޅިއައިސްފައި ހުންނެވި މިންވަރެއް ވަޒަންކުރާކަށް ނޭނގޭނެއެވެ. އަބަދުވެސް ހުންނަވާނީ އެހުންނަވާ ވަރަކަށް ހިނިތުން ވުމުގައެވެ. މިއަދުވެސް މޫދުން ހިފުނުމަސްތައް ޖަލުތެރެއަށް ގެނެސް ކައްކައިގެން ކާއްޓާއެކު ކާލީއެވެ. މީގެތެރޭގައި މިއަދު އަތުލައިގަނެވުނު، ބޮޑުކަޅު ވެނެއްވެސް ގެނެސް ކައްކައިގެން ކާލީއެވެ. ވެނުމަސް ގިނައިން ކާންޖެހުނީ އަޅުގަނޑަށެވެ.

އަޅުގަނޑަކީ ރޮލާވެސް މަސްކައިއުޅޭ މީހަކަށްވާތި، ކޮންމެ ވަށްތަރެއްގެ މަހެއް ވެސް އަޅުގަނޑަށް ވަރަށްމީރެވެ. މިއަދު ޔޫރަޕުގެދޮން އަންހެނެއް އެއްޖިންސުން ގުޅުންހިންގި މައްސަލައެއްގައި ގެނެސް ބޭރުގޮޅިއަށް ވެއްދި ޚަބަރު ލިބުނެވެ. ސިފައިން މިއަންހެން މީހާއަށް ކިޔަނީ “ތަގަރިދައިތަ” އެވެ. ޖަލުތެރޭގެ ހުރިހާ ޚަބަރެއް އަޅުގަނޑު މެންނަށް ވަގުތުން ވަގުތައް މިހާރު ލިބެއެވެ. މިހާރަކަށް އައިސް މަނާ ކަންތަކެއް ނޯވެއެވެ.

25 ނޮވެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 703 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ރާކުރިއެތް ހެނދުނު ބަލާލި އިރު އިނީ، އޮޅާފައިހުރި ކަށިކިޔޮފަތްތައް ފަޅާލައި ފޮޅެންފަށާފައެވެ. ފުރަތަމަ އެތް އަންނިއަށް ކާމިޔާބު ނުކުރެވުނީއެވެ. ހީވަނީ ދުވަސްވީ އެތެއް ރާކުރެވޭތޯ އުޅެވުނީ ހެންނެވެ. މެންދުރެއް ހާއިރަށް ކަށިކިޔޮފަތްތައް ފަޅާލާފައި އެއެތްއިނީ ފުދޭވަރަކަށް ފޮޅިފައެވެ. އަޅުގަނޑުމެން ރާފޮދެއްގެ އިންތިޒާރުގައި އަނގަހިއްކާފައި ތިއްބާ މިވީގޮތުން ވަރަށް ދެރަވިއެވެ. މިއަދު މާލެފުރުމުގެ ކުރިން އަންނި ރުކަށްއެރިއެވެ.

އަނެއްކާ އެހެންއެތެއް ވަރަށް އަވަސްއަވަހަށް ތައްޔާރުކޮށް ރާބަނދިއެޅުވީއެވެ. މާލެ ފުރަންޖެހޭތީ މާއަވަސްކޮށްލަން ޖެހުނީއެވެ. އަހުރެމެންނަށް ހީވެފައި އޮންނަނީ ހަމަ އެދުވަހު ރާބަދި އަޅުވަން ޖެހޭކަމަށެވެ. ބަލާ ފޮތުގައި އޮންނަ ގޮތެވެ. އަޅުގަނޑު ކައިރީގައި އެހީތެރިވާން ހުރީމެވެ. މިއެތުން އިރާދަކުރެއްވިއްޔާ ރާފޮދެއް ލިބޭނެކަމުގެ އުންމީދުގައެވެ. މިއަދު މެންދުރުފަހުން ތިނަދޫޒާހިރު ރުކަށް އެރުވީމެވެ. އަންނި މާލޭން، އައުމުގެ ކުރިން އަލަށްރާކުރި އެތުގެ ހާލުބަލުމަށެވެ.

މިސޮރަކީ ބަސްއަހާ ގޮލައެއް ނޫނެވެ. އަންނި ކޮށްފައިހުރި މަސައްކަތް ރޫޅާލައި އަލުން އެއެތްބަނދެ އެތައް ކަމެއް މީނާ އަމިއްލައަށް ކޮށްފިއެވެ. އެތުގެ ކޮޅުންކޮށާވެސް ހެދިތަން ފެނުނެވެ. ތިރީގައި ހުރެގެން ނުކުޅޭށޭ ބުންޏަސް މިސޮރުއަޑެއް ނާހައެވެ. އޭނާއަށް ހެދިނުހާ އެއްޗެއް ހެދީއެވެ. ގިނަކަންތައްތަކެއް ކުރުމަށްފަހު ފައިބާފައި ބުނީ މިފަހަރު ރާލިބޭނެއެވެ. ބަރާބަރުވާނެއެވެ. މިހާރު ހުންނާނީ ރަނގަޅަށެވެ. މީނާއެރުވީ އެއްވެސް އެތަކާ ކުޅުން މަނާކޮށްފައެވެ. ހަމައެކަނި ބަލާލާށެވެ. މިއީ އަޅުގަނޑަށް ހެދުނު ގޯހެއްކަން ފަހުން ވިސްނުނެވެ.

26 ނޮވެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 704 ވަނަ ދުވަހެވެ. މިއަދު ޝަންމި މާލެގެންދިޔައެވެ. އޭނާގެ މާމައާ ބައްދަލު ކުރުމަށް އިރުކޮޅަކަށް ގެއަށް ގެންދާށެވެ. މިއަދު އަންނިއަށް ގެއިންބައެއް ސާމަނު ލިބުނެވެ. ގިނައިން ހުރީ ކެއުމުގެ ސާމާނެވެ. އަންނިގެ މަންމަ އަންނިއާ ބައްދަލު ކުރުމަށް މިއަދުޖަލަށް އައެވެ. އަންނިމަންމަ ގެނައި އެކްސަސައިޒިން ބައިސްކަލް އިރުއޮއްސެނިކޮށް ގެނެސް މިބަޔަށް ވެއްދިއެވެ.

ހުރިހާ ގައިދީންނަށް ކަސްރަތުކުރަން އެރޭގޮތަށް މިބައިސްކަލް ވަނީ އަންނި ހުޅުވާލައްވާފައެވެ. ބެހެއްޓެވީ ފަސޭހައިން އެންމެންނަށް ބޭނުންކުރެވޭ ގޮތަށެވެ. ކޮޓަރިތަކުގެ ހުޅުވިފައިވާ ފެންޑާގައެވެ. މިއަދު ރުކަށް އެރީއަންނިއެވެ. ބޭރުފުށުން ފެންނަފެނުމުގައި ޒާހިރުގޯހެއް ހަދާފައި ނެތްކަމަށް އަންނި ބުނެދެއްވިއެވެ. މިއަދުވެސް އިތުރުއެތެއް ގުދުކޮށްހަދާއި ޕްލާސްޓިކް ފުޅިއަކުން ބަންޖެއްހަދައި އެޅުވީއެވެ. މާދަމާ ވާނެގޮތެއްގެ އިންތިޒާރުގައި ތިބީއެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ.

27 ނޮވެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 705 ވަނަ ދުވަހެވެ. ރުކަށް އެރުމާއި ގަސްއިންދާ ސަރަހައްދުގައި ގިނަވަގުތު ހޭދަކުރެވުނެވެ. އަންނި ޚަބަރު ދެއްވި ގޮތުގައި ދެއެތުންކުރެ އެއްވެސް އެތެއްގައި ރަލުގެ އަސަރެއް ނެތެވެ. ތިކިޖަހާފަހުރިތޯ ކޮންމެފަހަރަކު ބަނދިނައްޓާ ބަލަން ޖެހެއެވެ. ދުވާލަކު ތިންފަހަރު މިމަސައްކަތް ކުރެވެއެވެ. ބޮޑު މަޖަލެކެވެ. ކާމިޔާބު ވާތަނެއް ނުފެނެއެވެ.

28 ނޮވެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 706 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ރަސްމީބަންދު ދުވަހެކެވެ. ރާއްޖޭގެ ހުރަވީ ދުވަހެވެ. ދޮންބަންޑާރައިން ޖިހާދުކޮށް ދިވެހިގައުމަށް ކާމިޔާބު ހޯއްދަވައި ދެއްވި ދުވަހެވެ. މިއަދަކީ، 3 ޖުމާދަލްއާޚިރާ 1413 ހިޖްރީ ސަނަތުން ވީދުވަހެވެ. މިއަދު ވެސް އަންނި ރުކަށް އަރާ ވާނުވާއެއް ބެލިއިރު ރަލުގެ އަސަރެއް ނުފެނެއެވެ. ދެން އަލުން ލަންބާލާނެ އެތެއް އެރުކުގައި ނެތެވެ. ހުރީމާޅަ އެއްތަކެވެ. އެގޮތް މިގޮތް ހަދަހަދާ ތިބެނީއެވެ. ރާތިއްކެއް ވެސް ތެތްކަމެއް ވެސް ނުފެނެއެވެ. އެތުގައި ކުޅަދުރެއްހާ ހިސާބު ވެސް ނުޖައްސައެވެ.

29 ނޮވެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 707 ވަނަ ދުވަހެވެ. މިއަދު ބިގޭއާއި އަންނި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ބިގޭދެއްކީ ޑޮކްޓަރ މުހަންމަދު އަހްމަދަށެވެ. މީނާ ބައްލަވަން އިންނަވަނީ އޯޑިއޯންގައި ސިފައިންތިބޭ ތަނުގައެވެ. އަންނި ގެންދިޔައީ ލޯދެއްކުމަށް ފާތުމަތްު ދީދީގެ ކުލިނިކަށެވެ. އެހެނަސް މިއަދު، ފާތުމައިދީދީއަށް ދެއްކޭގޮތެއް ނުވިއެވެ.

މިއަދު މާލެއަށް މާމައާބައްދަލުކޮށް ދިނުމަށްދާންއެދި ޕްރިސަންސްއަށް ސިޓީއެއް ލިޔުނީމެވެ. މިއަދު އާދަޔާޚިލާފަށް ކަނާއަތުލޮލުގެ ބުމަވަރަށް ބޮޑަށްތެޅުނެވެ. މިކަމާ ވަރަށް ގިނަފިކުރުތައް ކުރީމެވެ. މިއަދު ރުކަށްއެރީ އަޅުގަނޑެވެ. ވަކިކުރާނެ އާކަމެއްނެތެވެ. ބަލާލާފައި ފޭބީއެވެ. ބަންޖާއިފުޅި ނައްޓާއި ބަލައިލިއިރު ތިއްކެއްހާ ހިސާބުވެސް ޖަހާފައި ނެތެވެ. މިހާރު މިތިބީ ރުކުރަލުން މާޔޫސް ވެފައެވެ. މިކަމެއް ނުކުރެވޭނެކަން ޔަގީން ވެއްޖެއެވެ. މިރުކަކީ ރާނުދޭރުކެއް ކަމުގައި މިއަދު ނިންމައިފީމެވެ. އަހުރެމެންނަށް ނޭނގޭކަމަކަށް ނުބެލެވެއެވެ. ފޮތެއް ގެންގުޅެވޭތީއެވެ.

30 ނޮވެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 708 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

1 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 709 ވަނަ ދުވަހެވެ. މިއަދު އަންނި މާލެއަށް ގެންދިޔައެވެ. އާދަންޒާހިރު ގެއަށްޕެޓްރޯލް ފުޅިއެއް ރޯކޮށްފައި އެއްލި ގްރޫޕްގައި ހިމެނޭ، ވަލީދު ގެނެސް މިބަޔަށް މިއަދުވެއްދިއެވެ. އޭނައާއި ކާދޫއިބުރޭ ދެމީހުން ބޭރުގޮޅިއެއްގައި ތިބެފައިތަޅާއި ގަތުމުން ވަލީދު ގެނެސް މިބަޔަށް ލީއެވެ. ކާދޫ އިބުރޭ އޭނާހުރި ގޮޅީގައި ބޭރުގައި ބެހެއްޓީއެވެ. ވަލީދު ވެއްދީ ނާސިރު ކައިރިޔަށް، 11 ނަންބަރު ކޮޓަރިއަށެވެ. އަނެއްކާވެސް، 16 މީހުން މިބައިގާ ހަމަވީއެވެ. ދެންބާކީއޮތީ ދެޖާގައެވެ.

މިއަދު މަންމައަށް ގެއަށް ސިޓީއެއް ލުޔެފައި ޖަލުއޮފީހާ ފޮނުވައި ދިނުންއެދި ހަވާލުކުރީމެވެ. ގައިދީން މިނިވަންކޮށް ދޫކުރުމާ ގުޅިގެން މިގެންގުޅޭ ސިޔާސަތެއް ނޭގޭކަމަށާއި އަޅުގަނޑަށް ފެންނަބައެއް ގޮތްތަކާއި ކަންތައް މިސިޓީގައި މަންމައަށް ލިޔުނީމެވެ. މިކަންކުރީ ކޮންމެހެން މަންމައަށް މިވާހަކަތައް އެންގުމުގެ ބޭނުމުގައެއް ނޫނެވެ. އަޅުގަނޑުގެ ސިޓީތައް ސެންސަރުކޮށް ބަލާއި ކިޔާހަދަނީ އިސްތަފާއަށް ވާތީ، އޭނާއަށް މިވާހަކަތައް ދަށްކާލުމުގެ މަގްސަދުގައި ކުރިކަމެކެވެ.

ގެއަށްލިބޭ ކޮންމެ ސިޓީއެއްގައި ވެސް ކަނޑާބަލާފައި ޖެހުމަށްފަހު، އިސްތަފާ ސޮއިކުރައްވާފައި އޮވެއެވެ. މަންމައަށް ފޮނުވި ސިޓީއާއެކު ވަރަށްދިގު ސިޓީއެއް ލިޔެފައި ތުއްތައަށް ވެސް އެއުރަތެރޭގައި ފޮނުވީމެވެ. މިހުރިހާ ސިޓީތަކެއް އަކުރުން އަކުރަށް އިސްތަފާ ކިޔުއްވައެވެ. އެހެންވެ ބައެއް ވާހަކަތައް އިސްތަފާއަށް ލިޔެ ދެވެނީއެވެ. އޭނާ ވަރަށް މިވާހަކަތަކައި ގަޔާވާކަން އެނގެއެވެ.

2 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 710 ވަނަ ދުވަހެވެ. މިއަދު ކުޅޭކަށް ނުނެރެއެވެ. އެގަޑީގައި ބިދޭސީން ބޭރަށް ނެރެންޖެހިގެން ކަމަށް ފަހުން އަޅުގަނޑުމެންނަށް އެންގިއެވެ. އަބްދުﷲ ހުސައިން މިއަދު އޭނާގެ ބޭބެއާ ބައްދަލުކުރިއެވެ.

3 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 711 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ވާއްޕެލައްވާ އަނެއްކާވެސް އަޅުގަނޑުގެބޯ ކޮށާލީމެވެ. އަދި މަތިމަސް ވެސް ކުރުކޮށްލީމެވެ. ވާއްޕެއަކީ އަބަދުވެސް އަޅުގަނޑުގެބޯ ޖަލުގައިހުރި ދުވަސްވަރު ކޮށައިދޭ މީހާއެވެ. ޖަލުއޮފީހުގެ ނަސީމު ކައިރީގައި ބުނެލާއިރަށް މިކަންތައް ހަމަޖައްސައި ދެއެވެ. މިއަދު ބިގޭވެސް ބޯތުނިކޮށް ކޮށާލިއެވެ. މިއަދު ވިންޓަރުޝަރީފް ހައިކޯޓަށް މާލެއަށް ގެންދިޔައެވެ. ބަޔާނެއްގައި ސޮއިކުރުވާށެވެ.

ބަޔާނުގައި ވިންޓަރު ދެއްކެވި ބައެއްވާހަކަތައް ނެތުމުން ވިންޓަރުޝަރީފް ސޮއިކުރައްވަން އިންކާރުކޮށް މިއަދު ޖަލަށް އެނބުރިދުރުވީ އެބަޔާނުގައި ސޮއިނުކޮށެވެ. އިސްލާހުކުރުމަށް ފަހު، އެހެން ދުވަހަކު ސޮއިކުރުވާ ގޮތަށް މިއަދަށް ނިންމާލީއެވެ. މިއަދު އިސްތަފާއާއި ޕްރިސަންސްގެ ދެމީހަކު މިބަޔަށް ޒިޔާރަތް ކުރެއްވިއެވެ. ކޮޓަރިތައް ބައްލަވާލެއްވިއެވެ. ކޮޓަރިތަކާއި ފާޚާނާތައް ސާފުކަމަށް ވިދާޅުވިއެވެ. މިސްކިތަށް ގާޑުންނާނުލާ ނުކުމެވޭގޮތަށް ހަމަޖައްސައި ދެއްވުމަށް އެދުމުން ވިދާޅުވީ އެކަންތައް ވަރަށް އަވަހަށް ހަމަޖައްސައި ދެއްވާނެ ކަމަށެވެ.

4 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 712 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ރާކުރިރުކުން އަދިވެސް ރާފޮދެއް ބޯލަންލިބޭ ވަރެއްނުވެއެވެ. ކަށިކިޔޮފަތްތައް ފަޅާލާފައި އެތްތައްފޮޅި ގޮބޮޅިއަށް ވަނީއެވެ. އުޅެއުޅެ ވެސް މިކަން ކާމިޔާބެއް ނުކުރެވުނެވެ. މިހާރަކަށް އައިސްވާގޮތަކީ އަންނިމާލެއަށް ގެންދާދުވަސްދުވަހު އެކިމީސްމީހުންއަރާ އެތްތަކާކުޅެ އެގޮތްމިގޮތް ހަދަނީއެވެ. އިރުއިރުކޮޅާ ބަނދިނައްޓާ ބަލާވެސް ހަދަނީއެވެ. އިންދި ގަސްތައް ވަރަށްރީއްޗަށް އެބަބޮޑެތި ވެއެވެ. ފަޅޯގަސްތައް ހެދޭލެއް ވަރަށްޗާލެވެ. ކޮންމެ ވެސް ދުވަހަކުން މޭވާލިބޭނެއެވެ. ކޮންމެދުވަހަކު ވެސް ގަސްތަކަށް ފެންދީހަދަމެވެ. މިމަސައްކަތް ކުރަނީ އަޅުގަނޑެވެ. ވަރަށް ހެނދުނާ އެތަނަށް ދަމެވެ. ގިނައިރު އެތާނގައި އުޅެމެވެ.

5 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 713 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ނާސިރާއި ވިންޓަރ މާލެއަށް ގެންދިޔައެވެ. މިއަދުމޫދުން ހިފުނުވެނެއް ގެނެސް ކައްކައިގެން ކެއުންއޮތެވެ. މިކަމުގައި އިސްކޮށް އުޅެނީ، އަޅުގަނޑެވެ. އަދި ކާންވެސް ޖެހެނީ އަޅުގަނޑަށެވެ. ވަށްކަމުގެ މައްސަލައެއްގައި ބޭރުގައި ބަންދުކޮށްގެން ގެންގުޅޭ ހަސީނާ ކިޔާއަންހެނެއް ކައިރިޔަށް، ދާންނާކުރު އޭކިޔާ ގައިދީއަކު ވަދެގެން އެމައްސަލަ ޖެހިގެން ބޭރުގައިއުޅޭ ޚަބަރުލިބުނެވެ.

ހަސީނާކާރިޔަށް ރޭގަނޑު ދާންނާކުރު ވަދެގެން އުޅެނިކޮށް ފަޅާއެރީއެވެ. ޖަލުތެރޭގައި މިފަދަ ކަންތަކަކީ ގިނައިން ހިނގާކަންތަކެވެ. ބަޔަކު ގަސްދުގައި ކުރާކަމަކަށް ވެއެވެ. އަދި ސިފައިންވެސް މީނާކައިރިޔަށް ޒިޔާރަތް ކުރާކަމަށް ވެއެވެ. މިމައްސަލަ ގަނޑު ޖެހިގެން ކަންތައް ބޮޑުވެގެންނޭ ކިޔާފައި ހަސީނާ ބަންދުކުރީ، ގައިދީން އެވެރިންގެ އަނބިންނާ އެކަހެރިކޮށް ބައްދަލުކުރާ ކޮޓަރީގައެވެ.

މިހާހިސާބުން ހަސީނާގެ ހާލުބަލާއި ވާހަކަދައްކަލާ ހެދެނީ ހަމައެކަނި ބޮޑުންނަށެވެ. ގައިދީންނަށް އެދޮރު ބަންދުވީއެވެ. ރަނގަޅަށް ވިއްޔާއެކޮޓަރިއަށް ބޮޑުންނަށް ހިލޭސާބަހަށް ޒިޔާރަތް ކުރެވޭނެއެވެ. މިކަންތައްވީ އަޅުގަނޑުމެންނަށް ވަރަށްހެއްވާ ކަމަކަށެވެ. ނަސީމުމެންނަށް ހަސީނާ ބަލަހައްޓަން މާފަސޭހަވީއެވެ. މިއަދުގެއިން ހަވީރުނޫސް ބޮނޑިއެއް ލިބުނެވެ.

6 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 714 ވަނަ ދުވަހެވެ. ޝަންމިއާއި އަބްދުﷲ ސަލީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

7 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 715 ވަނަ ދުވަހެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ވަލީދާއި އާދިލާއި ނާސިރު މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށެވެ. އާދިލާއި ނާސިރރު، ގެންދިޔައީ ޕްރިސަންސަށެވެ. މިދެމީހުންގެ ހުކުމުގެ ދެބައިކޮށް އެއްބައި ކަނޑައިދެއްވި ކަމުގެ ވާހަކަ އެންގެވުމަށެވެ. ފޮތެއްގައިލިޔެ މިކަންތައް އާދިލަށާއި ނާސިރަށް އެންގިކަމަށް އެމީހުންއައިސް ބުނެދިނެވެ.

މިހާތަނަށް ރާކުރެވުނު އެތްތަކުންރާ ނުލިބުމުން މިއަދު އަނެއްކާވެސް އާއެތެއް ރާކުރެވޭތޯ އަންނި މަސައްކަތް ފެއްޓެވިއެވެ. މިފަހަރުފޮތްތަކުގެ އިތުރުން ގެއަށްލިޔެގެން މިކަންކުރާނެގޮތް އޮޅުންފިލުވުމަށް ފަހު، މިއަދުގެ މަސައްކަތް ކާމިޔާބުވޭތޯ އާރޫހެއްގައި ބެލީއެވެ. ރުކުގައި ވަރަށްގިނައިރު މިއަދު، އަންނި ހޭދަކުރިއެވެ. އަޅުގަނޑު ތިރީގައި ބަލަންހުރީމެވެ. އަދި އެދުނުހާކަމެއް އެހީތެރިވުމުގެ ގޮތުންކޮށް ދިނީމެވެ.

މިއަދު މިކުރެވުނު މަސައްކަތަކީ ފޮތްތަކުން ލިބުނު ވާހަކަތަކާއި ގެއިންލިޔެގެން ގެނުވި ވާހަކަތަކާއި މިވީހާދުވަހުގެ އަމަލީ ތަޖްރިބާތަކަށް ބަހުސްކޮށް މަޝްވަރާކުރުމަށް ފަހު، އެންމެންގެ ޚިޔާލާއެކު އަންނި ކުރެއްވި މަސައްކަތެވެ. މިއީ ދެން، އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާކަމެއް ކުރެވުނުދުވަހެވެ. ވާއެއްޗެއް އެނގިދާނެތާއެވެ! ރާފޮދެއް ބޯލަންލިބޭތޯ ބަލަބަލާ ތިބީއެވެ. ކުރިންރާކުރި އެތްތަކުން ރާތިއްކެއްވެސް ޖަހާލާފައި ނެތެވެ. މެއްސެއްމާބޫރެއްހާ ހިސާބުވެސް އެއިންއެތެއްގެ ކާރިޔަށް ބުރާލިތަނެއް ނުފެނެއެވެ.

8 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 716 ވަނަ ދުވަހެވެ. ވިންޓަރ ހައިކޯޓަށް އަދި ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ރައީސް މައުމޫނަށް، ގެއަށް ބަދަލުކޮށް ދެއްވާތޯ ދަންނަވައި ސިޓީއެއްލިޔެ ޖަލުއޮފީހާ ރައްދުކޮށް ދެއްވުންއެދި ހަވާލުކުރީމެވެ. މިއީ ރައީސް މައުމޫނަށް މިބީދައިންލިޔެވޭ، 6 ވަނަސިޓީއެވެ. ޖަލުބަލަހައްޓާ ސިފައިންގެ ފަރާތުން، އާދިލްނައީމް އޭކިޔާބޭފުޅަކު އަޅުގަނޑުމެންނަށް އެންގުމެއް އެންގެވިއެވެ. މޫދަށްއެރި އުޅޭއިރު މޫދުންދިރޭމަސް ހިފުމަކީ މިއަދުން ފެށިގެން މަނާކަމެކެވެ.

އެއްވެސް ގައިދީއަކު މޫދުގައި ހޭދަކުރާ ވަގުތުގައި މަސްހިފުމަކީ މުޅިންމާނާކަމެއްގެ ގޮތުގައި މިއަދު އަންގާއި އެކަންމަނާ ކުރެވުނީއެވެ. މިކަން އަޅުގަނޑުމެން ކުރާތީ ބައެއް ސިފައިން ހިތްހަމަނުޖެހިގެން ޝަކުވާކުރީކަމަށް ޖަލުއޮފީހުން ޚަބަރުލިބުނެވެ. ސިފައިން އަންގައިގެން މަނާވިކަމެއް ކަމުގައި ނަސީމު ވެސް ބުނެދެއްވިއެވެ. މަނާކުރެއްވިޔަސް މިކަމަކީ ހުއްޓޭނެކަމެއް ނޫނެވެ. މޫދަށް ނެރެންޏާ ސިއްރުން ނަމަވެސް މިކަންހިނގާނެ ކަމަށް ނަސީމަށް އަޅުގަނޑު ދެންނެވީމެވެ.

ނަސީމު ވިދާޅުވީ ސިފައިންގެ އެދުމުގެމަތިން މިއީމަނާކަމެއް ކަމަށެވެ. އެހެނަސް ޗެކްކޮށް ބަލާނުހަދާނެ ކަމަށެވެ. ދެން އަޅުގަނޑު ކުރަންފެށި ކަމަކީ ރާބުޅާހިފައިގެން ރޮލާމޫދުގައި ހުރެގެން ކާލަނީއެވެ. މޫދުގެ ލޮނާއެކު ރޯމަސް ވަރަށްމީރެވެ. މިދުވަސްވަރު ވަރަށްގިނައިން ރޯމަސްކައި އުޅެވުނެވެ. އެހެން ގައިދީންނަށް މިކަންވަނީ މަޖާކަމަކަށެވެ. މިގޮތަށް ކާލަންކެރޭ އެކަކުވެސް ނުހުރެއެވެ. ބައެއް ދުވަސްދުވަހު ކާށިހިފައިގެން މޫދަށްގޮސް ކާއްޓާއެކު ރޯމަސްކައި ހަދަމެވެ. ފަހުންއައިސް މުށިމަސް އެއްޗެހީގެ ބޮލާއެކުރޮލައި ލޮނުންސާފުކޮށް ލައިގެން ކާލުމަކީ އެއްވެސް ކަމެއްނޫނެވެ. ހަމަމަޖާކަމެކެވެ. ވަރަށްމީރެވެ. ރުކުގެކަންތައް ދަނީ ސުމަކަށެވެ. ކާމިޔާބެއް ނުވެއެވެ.

9 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 717 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އަބްދުﷲ ހުސައިނާއި ޝަންމިއާއި މުފީއްޓޭ މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު މިބަޔަށް ގަސްއިބްރާހީމް މަނިކާއި ސުދްމާއާއި އަނީގާ، ވެންނެވިއެވެ. ދަމުންދިޔައީ ވިންޓަރުޝަރީފްގެ ހުރިހާސާމާނާއެކު އޭނާގޮވައިގެންނެވެ. މާލެއަށް ގޭބަންދަށް ބަދަލުކުރަނީއެވެ. މިވީގޮތުން މިހާރު، 8 ނަންބަރު ކޮޓަރީގައި ކިޔޮޅު އެކަނިވީއެވެ. މިބައިގާ، 15 މީހުންނަށް ވީއެވެ.

މިއަދު އަޅުގަނޑުގެ ނަމުގައި ޖަވާހިރުވާދީއަށް ލިބެމުންދާ މަޖައްލާއެއް ކަމުގައިވާ “މަޙްޖޫބާ” އިރާނުންނެރޭ މަޖައްލާއެއް ލިބުނެވެ. ގެއިންފޮނުވީއެވެ. މިއީ އިނގިރޭސި ބަހުން، އީރާނުގައިނެރޭ މަޖައްލާއެކެވެ. އަދި ޕްރިސަންސުން ފޮނުވިއެއްޗެއްގެ ގޮތުގައި އިލްޔާސް އަބްދުﷲ އަށް އެޑްރެސްކޮށްފައިވާ ކާޑެއްވެސް ލިބުނެވެ. އިލްޔާސް އަބްދުﷲ އާއި އިލްޔާސް ހުސައިނާ ދެމީހުން އޮޅިގެން ފޮނުވިފައި އޮތީއެވެ. އަޅުގަނޑު އަޅައެއް ނުލަމެވެ. ބޭއްވީއެވެ. އެއީ އިނގިރޭސި ވިލާތުން އައިސްފައި އޮތް ކާޑެކެވެ.

10 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 718 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިން މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

11 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 719 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ގަސްއިންދާ ސަރަހައްދުގައި ހުރިވަޅަށް މިއަދު މޫދުން، ގުރުވަތަކެއް ހިފައިގެން ގެނެސް ލީމެވެ. މަދިރިފަނި އަޅާތީއެވެ. ނަސީބަކުން އެއްވެސް ގުރުވައެއް މަރެއް ނުވިއެވެ. ވަޅުފެނަށް ދިރުނީއެވެ. ގަސްތައް ހެދެމުންދާލެއް ވަރަށްރީއްޗެވެ. ފަޅޯގަސްތައް ބޮޑެތިވެއްޖެއެވެ. ހަތަރުފޫޓު ވަރަށްދިގު ވެއްޖެއެވެ.

12 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 720 ވަނަ ދުވަހެވެ. ޝަންމިއާއި ވިސާމާއިނާސިރު މިއަދު މާލެއަށް ގެންދިޔައެވެ. ޝަންމި ހޮސްޕިޓަލަށެވެ. ވިސާމާއިނާސިރު ކޯޓަށެވެ. ނާސިރައި ބައްދަލުކުރަން އެގޭމީހުން އައިސް ތިބުމުން ނާސިރު އެތެރެއަށް ވެއްދީ ބައްދަލުވުން ނިންމާފައެވެ. މިބައްދަލުވުން ހިނގީ، ނާސިރުގެ މަންމައާ އެކުގައެވެ.

13 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 721 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނިގެ ކޮއްކޮނާޒިމް މިއަދު އަންނިއާ ބައްދަލުކުރުން އޮތެވެ. އަންނިއަށް ގެއިންވަރަށް ގިނަސާމާނު މިއަދުލިބުނެވެ. ރާވެރިކަމަށް އިތުރުބަންޖެއް ވެސް ލިބުނެވެ. ކުޅެންށާއި މޫދަށް ނެރުނެވެ. ކުދިމަސް ހިފައިގެން ގެނެސް ކައްކައިގެން ކާލީއެވެ. މިއީ ސިފައިން މަނާކޮށްފައިވާ ކަމެކެވެ. އެހެނަސް ކުދިކުދި މަހަށް ވާތި ޖީބަށްއަޅައިގެން އެތެރެކުރީއެވެ. އަޅާލާނެ މީހަކު ނުހުރެއެވެ.

14 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 722 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. ކިޔޮޅުއޭނާގެ ބައްޕައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ގެއަށް ގެންދިޔައެވެ. ރޭގަނޑުވީފަހުން، ޑްރަގާބެހޭގޮތުން ޖަލުގަިހުރި، މާކަރީއެއްބެ، އަދި ޕެޓްރޯލް ބޮމުގެމައްސަލާގައި ޖަލުގައިހުރި ވާއްޕެ، މިބަޔަށް ބަދަލުކުރިއެވެ. ވާއްޕެވެއްދީ، 12 ނަންބަރު ކޮޓަރިއަށެވެ. އިއްބެވެއްދީ، 11 ނަންބަރު ކޮޓަރިއަށެވެ. މިހާރުދެން ބާކީއޮތީ، 1 ޖާގައެވެ. އަނެއްކާވެސް، 17 މީހުން މިބަޔަށްހަމަވީއެވެ.

އަޅުގަނޑުގެ ބޯކޮށަން ވަރަށް ފަސޭހަވީއެވެ. އަދި އަބަދުވެސް ވާއްޕެއާއެކު އުޅެވޭގޮތްވީއެވެ. ކުރީދެތިން ފަހަރުވެސް އަޅުގަނޑުގެބޯ ކޮށައިދިނީ ވާއްޕެއެވެ. ރޭގަނޑު، 10:30 އެހާކަންހާއިރު ނަސީމުދުރުވެ، އަޅުގަނޑާ ވާހަކަ ދައްކާލައްވާފައި ހިނގައްޖެއެވެ. ވަކިޚާއްސަ ވާހަކައެއް ނެތެވެ. ރާރުކުން އާއެތެއް ދައްކާލާފައި އިނުމުން އަލަށް ލިބުނު ބަނދި އެއެތުގައި މިއަދު އެޅުވިއެވެ. މިކަންކުރީ އަންނިއެވެ. ކުރިން މަސައްކަތްކުރީ ބަންޖަކާއި ޕްލާސްޓިކް ފުޅިއެއް ބޭނުންކޮށް ގެންނެވެ. އެދެއެތުން ހަމަތިއްކެއްހާ ރާފޮދެއްވެސް ނުލިބުނެވެ. މިއަދު އަލަށް ރާކުރެވުނު އެތުން ރާފޮދެއް ލިބޭނެކަމުގެ އުންމީދު ކުރެވެއެވެ. ވާއެއްޗެއް އެނގިދާނެތާއެވެ.

15 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 723 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި މާލެއަށް ގެންދިޔައެވެ. އަބްދުﷲ ސަލީމް، އޭނާގެ އާއިލާއާ ބައްދަލުކުރުން މިއަދުއޮތެވެ. އޭނާގެ ގެއިން ބައެއްސާމާނު ލިބުނެވެ. އަދި އަޅުގަނޑަށް ގެއިން، ކަލަންޑަރެއް ލިބުނެވެ. ދުވަސްގުނަން ފަސޭހަވީއެވެ. މިއަދު ތިންފަހަރު ރުކަށްއަރާ ބެލިއިރުވެސް ރާތިއްކާހިސާބު ވެސް ތިންއެތުންކުރެ އެއްވެސް އެތަކުން ފާއްދާލާފައެއް ނެތެވެ. މިހާހިސާބުން މިކަންތައް ނުވާނެކަމަށް އަނެއްކާވެސް އަންނި ނިންމެވީއެވެ. އެހެނަސް މިކުރެވުނީ ވަރަށްމުހިންމު އާދަޔާޚިލާފު ތަޖްރިބާ ތަކެއްކަން ކަށަވަރެވެ.

16 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 724 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިނާއި ޝަންމި މިއަދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިދަތުރުގައި ބައިގަޑިއިރަށް އަބްދުﷲ ހުސައިން، ޖަވާހިރުވާދީއަށް އަޅުގަނޑުމެންގެ މާމައާބައްދަލުކޮށް ލުމަށްގެން ދިޔައެވެ. އަދި މިއަދުހަވީރު މަންމައާއި ތުއްތައާއި އިފާއި އާތުއާއި އަޅުގަނޑުމެންނާ ބައްދަލުވުމަށް ގާމާދޫއަށް އައެވެ. ގެއިން ވަރަށްގިނަ ސާމާނު ވެސް ލިބުނެވެ. މިއަދަކީ، އަޅުގަނޑުމެންނަށް ތާރީޚީދުވަހެކެވެ. މަންމަ މިކަން ހަދާންކޮށް ދިނެވެ. މަންމަމެންގެ ހިތުގައި މިފަދަކަންތައް ހަރުލާފައި ހުންނަވަރު ފާހަގަކުރެވުނެވެ.

ޖަވާހިރުވާދީއަށް ސިފައިންގެ ބޮޑުޖަމާއަތެއްވަދެ، އަޅުގަނޑުމެން ޖަވާހިރުވާދީ އެންމެން ބަންދުކުރިތާ ބަރާބަރު، 2 އަހަރުފުރުނު ދުވަހެވެ. މިއީ ވަރަށް ވަރުގަދަ އަދި ވަޙްޝީރޭޑެކެވެ. މިރޭޑްގައި އިސްކޮށް ހުންނެވީ، އިބްރާހީމްދީދީއެވެ. ސިފައިންގެ ތިރީހަކަށް ބޭކަލުން މިހަރަކާތުގައި އަމަލީގޮތުން ބައިވެރިވިއެވެ. އެރެއަކީ ޑޮކްޓަރ ވަހީދު ގޭގައި ހުންނެވި ރެއަކަށްވާތީ އިބްރާހީމްދީދީ، ވަހީދާއި ވާހަކަދައްކަވާއި އޭނާގެކޮޓަރި ފާސްކުރައްވާއި ހެއްދެވީ ވަރަށް ސުމާޓްކޮށް ކަމަށް ފާހަގަކުރެވިފައި ވެއެވެ. އަބްދުﷲ ހުސައިންއާއި އަލީއާއި ބަންދުކުރީ މީގެދެއަހަރުކުރިން މިދުވަހުގެރޭ ދަންވަރުގައެވެ. މިއެންމެން ގެންދިއުމުން ބާކީގޭގައި ތިބީ، މުސްކުޅިމާމައާއި މަންމައާއި ޑޮކްޓަރ ވަހީދާއި ހުރިހާ އަންހެން ކުދިންނެވެ. އަލްހާނާއިމާއުއަކީ، އޭރު ކުޑަދެކުދިންނެވެ.

17 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 725 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި އާއި ވަލީދު މާލެއަށް ގެންދިޔައެވެ. މާމައާ ބައްދަލުކުރުމަށް ގެއަށް ގެންގޮސްދިނުން، އެދި ލީ ސިޓީގެ ޖަވާބުގައި އެކަންހަމަޖައްސައި ދެއްވާނެކަމަށް ލިޔެފައިއޮތެވެ. މިއަދު މިކަމުގެޖަވާބު ސިޓީލިބުނެވެ. ހަންދުއާއިބިގޭއަށް ވެސް ދެއްވާފައިވަނީ ހަމަމިޖަވާބެވެ. މާމައާ ބައްދަލުވުމަށް ޖަވާހިރުވާދީއަށް ވަގުތުކޮޅަކަށް ގެންދެވޭނެ ކަމަށެވެ.

18 ޑިސެންބަރ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 726 ވަނަ ދުވަހެވެ. ގަސްތަކަށް ފެންދިނުމާއި އެސަރަހައްދު ސާފުކުރުން އޮތެވެ. ދޭތެރެދޭތެރެއިން އަދިވެސް ރާރުކަށް އަންނި އަރުއްވައެވެ. އެކިގޮތްގޮތަށް އަދިވެސް މިގެންދަނީ ރާފޮދެއްލިބޭތޯ ތަޖްރިބާކޮށް ބަލަމުންނެވެ. އެހެނަސް އަދި ވެސް ރާފޮދެއް ލިބޭގޮތެއް ނުވެއެވެ. ގަދަހަދާލާފައި އެތްތައް ފޮޅެނީއެވެ. ރާވެރިޔާއަށް އެއެތްތައް ރަލެއް ނުކުރެވެއެވެ. އަޅުގަނޑުމެން މަޝްވަރާކުރުމަށް ފަހު، މިއަދުންފެށިގެން ގަވައިދުން ރުކަށްއެރުން ހުއްޓާލީއެވެ. ފެއިލްވި މަޝްރޫއަކަށް ނިންމީއެވެ.

19 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 727 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

20 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 728 ވަނަ ދުވަހެވެ. އަޒީއާއިޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނިއާ ބައްދަލުކުރުމަށް އަންނިގެ ކޮއްކޮނާއްކޮ މިއަދު، ގާމާދޫއަށް އައިސް އަންނިއާ ބައްދަލުކުރިއެވެ. ޚަބަރުތައް ރަނގަޅެވެ.

21 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 729 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި ހޮސްޕިޓަލަށް ގެންދިޔައެވެ. ދެންގެންދިޔައީ އަޅުގަނޑު މާމައާ ބައްދަލުކުރުމަށެވެ. ގޭގައި، 30 މިނެޓްވަންދެން މާމަކައިރީގައި ހޭދަކުރުމަށް ލިބުނެވެ. ގޭގެހުރިހާކަމެއް ވެސް މުޅިންރަނގަޅެވެ. މާމަގެހާލުވެސް ކުރިއަށްވުރެ މާބޮޑުތަން ރަނގަޅެވެ. މިފަހަރުވެސް ތުއްތަފޮޓޯއެއް ނެގިއެވެ. މިރޭ ގެއިންފޮނުވާފައި އޮތް ނޫސްބޮނޑިއެއް ލިބުނެވެ.

22 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 730 ވަނަ ދުވަހެވެ. ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ހަންދުމާމައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ގެއަށް ގެންދިޔައެވެ. ގޭގެ ހުރިހާކަމެއް މިއަދުވެސް ރަނގަޅުކަމަށް ހަންދުބުންޏެވެ.

23 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 731 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. މިއަދަކީ މިބުރުގައި ޖަލަށްލެވުނުތާ ބަރާބަރު، 2 އަހަރުވީ ދުވަހެވެ. އެއްބަސްވުމުގެ ބަޔާނުގައި ސޮއިކުރީ، 10 ޖެނުއަރީ 1991 ގައެވެ. ހުކުމްގެ މުއްދަތު ގުނަންފެށީ އެދުވަހުން ފެށިގެންނެވެ. މިއަދު މާލެގެންދިޔައީ އަބްދުﷲ ހުސައިނާއި ޝަންމި ހޮސްޕިޓަލަށެވެ.

24 ޑިސެންބަތ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 732 ވަނަ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ގަވައިދުން ރުކަށް އެރުން ހުއްޓާލިއަސް އަދިވެސް ބައެއްފަހަރު އެކިމީހުން އަރާހަދައެވެ. އެކިގޮތްގޮތް އަދިވެސް ހަދާލެވެނީއެވެ. އެކި މީހުން ކުޅެލާ ހަދަނީއެވެ. އެހެނަސް ރާފޮދެއް ނުލިބެއެވެ. ޖަލުގައި ކުރެވުނު ކަންތަކުގެ ތެރެއިން ކާމިޔާބުނުވި ކަމަކީ ހަމައެކަނި މިކަމެވެ. އުޅެއުޅެވެސް ބޯލާނެރާފޮދެއް ލިބޭގޮތް ނުވުމުން މިއަދު ހެދިގޮތަކީ ރުކުގައި ގެންގުޅޭ ދެރާބަނދި ރުކުންބާލާއި ދެން މީގެފަހުން އެއްގޮތަކަށް ވެސް މިކަމުގައި ނޫޅެންނިންމީއެވެ.

މިކަންކާމިޔާބު ނުކުރެވުނީ ފަހަކަށް އައިސް ފަރުވާކުޑަކޮށް ލެވުނީމައެވެ. މިއަދުބޭރުން ވަރަށް ގިނަމީހުން ގެންދިޔަޚަބަރު ލިބުނެވެ. ޕެޓްރޯލްފުޅިރޯކޮށް އާދަމްޒާހިރު ގެއަށް އެއްލި، މުސްތަފާއާއި އެހެންމީހުންނެވެ. ޖުމްލަ، 24 މީހުން ގެންދިޔަކަމަށް ވެއެވެ. އޭގެތެރޭގައި ފުޓްބޯޅަކުޅޭ މަޝްހޫރު ދޮންބިލެތް އަހްމަދާއި އަސްގަރުކިޔާ ކުއްޖަކާއި ސިރާޖްކިޔާ މީހަކާއި ބަނބުކިޔޮ ހަސަނާއި އެލިޔާގައިއުޅޭ އޮމަދޫ ސަމަދުބޭގެ، ރީތީޝާފީގު ހިމެނެއެވެ.

މުސްތަފާ ގެންދިޔައީ އިސްތަފާއައި ބައްދަލުކޮށްލާށެވެ. މިރޭގައި މަޖާކޮށްލުމަށް އެކުވެރިކަމުގެ ޕާޓީއެއް ބޭއްވީމެވެ. ކްރިސްމަސް ނައިޓަށް ވާތީއޭ ކިޔާފައި މަޖާކޮށް ލުމަށެވެ. ސެންޓަރކުލައުސް އަށް ވެގެން އެންމެންނަށް ހަދިޔާބަހަން އުޅުނީ، މާކަރީ އިއްބެއެވެ. ހެއްހެއްހެއް! މާދަމާއަކީ އެބުނާ ކްރިސްމަސް ދުވަހެވެ. މިހަފްލާފެއްޓީ، މެންދަމު ބާރަޖެހުމުންނެވެ. އިރުއަރަންދެން ހޭލާތިބީއެވެ. މިއީހަމަ މަޖާކޮށްލަންކުރި ކަމެކެވެ. އެހެންއެއްވެސް މަގްސަދެއް ނެތިއެވެ.

25 ޑިސެންބަތ 1992 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 733 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އިއްޔެ މުސްތަފާ މާލެގެންގޮސް އިސްތަފާއާ ބައްދަލުވުމުގައި އަޅުގަނޑުމެންނާ އެކުކުޅެން ބޭރަށް ނެރުމަށް އެދުމުން މުސްތަފާވެސް އަޅުގަނދުމެންނާ އެކު ކުޅެން ބޭރަށްނެރޭގޮތަށް ހަމަޖެހުނެވެ. އޭނާއެދުނީ އެބައިންވެސް މިކަމުގައި ބަންދުވިމީހުން އެކުގައި ނެރެދޭތޯއެވެ.

އިސްތަފާ ހަމަޖެއްސެވީ އެއްގަޑިއެއްގައި ބޭރުންނާއި އެތެރެއިން ނުކުމެވޭގޮތަށެވެ. މިހެންހަމަ ޖެހުމުން ވަރަށް މަޖަލެވެ. ވަރަށް ގިނަމީހުން އެކުގައި ފުޓްބޯޅަކުޅެ މަޖާކޮށް ހެދޭތީއެވެ. ޖަލުއޮފީހަށް މިކަންތައް ހަމަޖެއްސުމަށް ވަނީ އިސްތަފާ އަންގަވާފައެވެ. ވީމާ މިއަދުންފެށިގެން މިކަންހަމަޖެހި ކުރިޔަށް ދިޔައެވެ. ބޭރުގައި ތިބޭ މީހުންނާއި އަޅުގަނޑުމެންނާ އެކީގައި ކޮންމެ ދުވަހަކުވެސް ހަތަރަކުން ހައަކަށް ކުޅެން އުޅެވެން ފެށީއެވެ. މިއަދަކީ އެންމެން އެކުގައި ފުރަތަމަފަހަރު ކުޅުނު ދުވަހެވެ.

26 ޑިސެންބަރ 1992 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 734 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. އެކަކުވެސް މާލެއަށް ނުގެންދެއެވެ. މިއަދު އަންނި އޭނަގެބައްޕައާ ބައްދަލު ކުރެއްވިއެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ. ހުރިހާކަމެއް ރަނގަޅެވެ.

ޖަލުގައި ހުރެގެން ދިވެހިބޭންކުން ފުރަތަމަފަހަރަށް ހިއްސާވިއްކަން ފެށުމުން ހިއްސާގަތުން:

27 ޑިސެންބަރ 1992 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 735 ވަނަ ދުވަހެވެ. މިއަދު ޕްރިސަންސަށް ސިޓީއެއް ފޮނުވީމެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް އިން އިއުލާނުކުރި އެބޭންކުގެ ހިއްސާގަތުމަށް ބޭނުންވާ ފޯމްތައް ހޯދުމަށް ބޭންކަށް ސިޓީއެއްލިޔެ އެސިޓީބޭންކަށް ފޮނުވައި ދިނުންއެދިއެވެ. ބޭންކަށް ލިޔުނުސިޓީ ލިޔެފައިފޮނުވީ ޕްރިސަންސަށެވެ. ހިއްސާވިއްކަންފެށި ވާހަކަގޮވީ ރޭޑިޔޯއިންނެވެ.

މިސިޓީގައި ލިޔެފައިވާނީ، ވިއްކާއެންމެ ގިނައަދަދަކަށް އަޅުގަނޑަށް ހިއްސާ ވިއްކުމަށެވެ. އަދި ބޭންކުގައިހުރި އަޅުގަނޑުގެ ފައިސާއިން އެކަމަށް ޚަރަދުކުރުމުގެ ހުއްދަ ބޭންކަށް ދީފައެވެ. މިގޮތަށް ލިޔެ ބޭންކު މެނޭޖަރަށް އެޑްރެސްކޮށް މިސިޓީ މިއަދު، ޕްރިސަންސާ ހަވާލުކުރީމެވެ. މިސިޓީ ބޭއްވީ ވަކިއުރަކަށްލާފައި ބޭންކު މެނޭޖަރަށް ޖަހާފައި ޕްރިސަންސަށް ފޮނުވިސިޓީ އުރައިގެ ތެރޭގައެވެ. މިކަންކުރީ އެއްގޮތަކަށް ވެސް ބެންކް އޮފް މޯލްޑިވްސްއިން ހިއްސާ ގަނެވޭނެކަމުގެ އުންމީދު އޮވެގެންނެއް ނޫނެވެ.

ރޭޑިޔޯއިން މިޚަބަރު އަހާފައި އަޅުގަނޑުގެ އެކައުންޓުގައި ބައިވަރު ފައިސާ ހުންނާނެތީ ބޭންކުން ހިއްސާގަނެވޭތޯ ކޮށްލިކަމެއްގެ ގޮތުގައެވެ. މިއަދު ކުޅެންށާއިމޫދަށް ނެރުނެވެ. ބިގޭއާއި ޝަންމި މާލެއަށް ގެންދިޔައެވެ. ޝަންމި ހޮސްޕިޓަލަށެވެ. ބިގޭ މާމައާ ބައްދަލުކުރުމަށް ބައިގަޑިއިރަށް ޖަވާހިރުވާދީއަށް ގެންދިއުމަށެވެ. ބިގޭ އައިސް ގޭގެވާހަކަތައް ކިޔައިދިނެވެ. އިދުއާ ބައްދަލުވި ވާހަކަބުންޏެވެ. އިފު ލަންކާއަށް ފުރާނީ، 29 ޑިސެންބަރގައި ކަމަށް ވެއެވެ. މާމަގެ ހާލު ރަނގަޅެވެ. ގޭގެ އެންމެންގެ ސަލާމްގެނައެވެ.

28 ޑިސެންބަރ 1992 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 736 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ. ޝަންމި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ.

29 ޑިސެންބަރ 1992 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 737 ވަނަ ދުވަހެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

30 ޑިސެންބަރ 1992 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 738 ވަނަ ދުވަހެވެ. މިހާރުކޮންމެ ދުވަހަކުވެސް ކުޅެންށާއިމޫދަށް ނެރެއެވެ. މިއަދު މާލެގެންދިޔައީ އަންނިއާއި ޝަންމިއެވެ. ޝަންމި ހޮސްޕިޓަލަށެވެ. އަންނި ގެންދިޔައީ އަންނިގެ މާމައާ ބައްދަލުކޮށް ލުމަށް ބައިގަޑިއިރަށް ގެއަށެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް އަންނިބުންޏެވެ. ވަކިޚާއްސަ ޚަބަރެއް ނުގެނެސް ދެއްވައެވެ.

31 ޑިސެންބަރ 1992 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 739 ވަނަ ދުވަހެވެ. މިއީޚާއްސަ ދުވަހެކެވެ. މިއަހަރުނިމޭ ދުވަހެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިރެއަކީ އާއަހަރުފެށޭ ރެއަށްވާތީ މިރޭ، 12:00 ގައި ޑްރާމާޝޯއަކާއެކު އުފާވެރިކަމުގެ ހަފްލާއެއް ސަޔާއިކޮފީއާއެކު ބާއްވާގޮތަށް އަޅުގަނޑުމެން ނިންމާއި އެކަންކުރިޔަށް ގެންދެވުނެވެ.

އާއަހަރު ފާހަގަކުރުމަށް ޖަލުގައި ބޭއްވި ތަމްސީލު ޝޯ:

މިތަމްސީލްޝޯގެ ނަމަކީ، (ކަރުނައިގެކަރުނަ) އެވެ. މިވާހަކަލިޔެ ތަމްސީލު ތައްޔާރުކުރީ އަންނިއެވެ. އެކިބައިތަކަށް އެކިކުދިން ކަނޑައަޅާއި އެމީހުން ތައްޔާރުކުރީ އަންނިއެވެ. މިކަމުގައި އިސްކޮށް އަންނިއަށް އެހީތެރިވީ އަޅުގަނޑެވެ. މިރޭވެގެންދިޔައީ ވަރަށްމަޖާރެއަކަށެވެ. ހުރިހާމީހުން ވެސް ތިބީވަރަށް އުފަލުންނެވެ. މިތަމްސީލު ވަރަށް ފުރިހަމައެވެ. ވަރަށްމަޖަލެވެ. ފަތިސްނަމާދާ ހަމައަށްތިބީ ހޭލައެވެ. ނިދީ ނަމާދަށް ފަހު، ސައިބޮއިގެންނެވެ. މިއީ ޖަލުގެ ހަޔާތުގައި ހަދާނީރެއެކެވެ. ހުރިހާގައިދީންވެސް ތިބީވަރަށް އުފަލުންނެވެ. މިއުޅެވެނީ ޖަލުގައިކަން އެކަކުވެސް ހަދާނެއްނެތެވެ.

1990 ވަނަ އަހަރު ސަލްޓަންޕާކްގައި ގޮއްވާލި ކަޓޫރަބޮމުގެ މައްސަލާގައި، 1992 ވަނަ އަހަރުގެ ނިޔަލަށް ބަންދުކޮށް ހުކުމް އިއްވުނު މީހުންގެ ނަންތަކާއި އިއްވުނު ހުކުމްތަކުގެ ވާހަކަ:

މިލިސްޓް ލިޔެފައި މިވަނީ، ޖަލުގެބަންދުގައި އިނދެގެންނެވެ. ފަހަރުގައި އަތްދަށުން ކުޑަވެރެއްގެ ކަމެއް ނެއްޓިފައި އޮވެވެދާނެއެވެ. އިސްލާހީ ހަރަކާތުގެ ބައެއް ބައިވެރިންނަށް ގޭތެރޭގައި ތިބެގެން، ގެވެށި ކަޓޫރަބޮމެއް އުފެއްދުމަށް މަޖްބޫރުކުރުވީ، 1990 ވަނަ އަހަރު މާލެތެރޭގައި ސިޔާސީ ލީޑަރުންނަށް ޖެއްސުންކޮށް ގޯނާކުރުމަށް ސަރުކާރުން އެހީތެރިކަންދީގެން އެފެއްދި “ބިންބިފޯސް” މާލެތެރޭގައި ފާޅުކަންބޮޑު ގޮތެއްގައި ހަރަކާތްތެރިވެ، ބައެއް ސިޔާސީ މީހުންނަށް ބޮޑެތިގޯނާތައްކޮށް އެކިފާޑުގެ ޖެއްސުންކޮށް މަރުގެ އިންޒާރުތައްދީ ސަރުކާރު އޮފީސްތަކުން ބައެއްލިޔުންތައް ނަހަމަގޮތުގައި ދަންވަރު ބޭރުކޮށް ބައެއް ސިޔާސީ މީހުން މަގުމަތިކޮށް،

ރައްޔިތުންގެ މަޖިލީހުން އިސްތިއުފާ ދިނުމަށް މަޖްބޫރުކޮށް އެމަޖިލީހުގެ އިއްޒަތްތެރިބައެއް މެންބަރުންނަށް އަމާޒުކޮށް ސިޔާސީ ގޯނާތަކެއްކޮށް ސިޔާސީ ފިއްތުންތަކެއް ފިއްތާއި މާލެތެރޭގައި ނޭދެވޭ ގިނަގުނަ ހަރަކާތްތަކެއް ހިންގައި ޚާއްސަކޮށް މާލޭގެއެއް އިއްޒަތްތެރި މެންބަރު ޑޮކްޓަރު ވަހީދަށް އަމާޒުކޮށް އެތައްފަހަރެއްގެ މަތީންމަރުގެ އިންޒާރުދީ ހެދުމުން އެކަމާމެދު އަޅާނެފިޔަވަޅުތައް އެކުގައިހެން ހުސް ވުމުންނެވެ. ދެން ހަދާނެ އިތުރުގޮތެއް ނެތުނީމައެވެ.

މިފާޑުގެ އާދަޔާޚިލާފު ކަމެއްކުރަން ޚިޔާލަށް ގެނެވުނީ، ސިޔާސީ މީހުންނަށް ގޯނާކޮށް މާލެތެރެ ފަސާދަކުރާ މީހުންގެ ހަރަކާތްތައް ހެއްކާއެކު ހުށަހެޅުމުން ސަރުކާރު ތެރޭގައި އެކަންތައް ބަލައިދޭނެ އޮފީހެއްނެތި މުޅިމާލެތެރެ ބިރުވެރިތަނަކަށް ގެނެސް ފަސާދަކުރި ހިސާބުންނެވެ. މީހުންގެ މުދަލާއި ކާރުތަކާއި ފިހާރަތައް ރޯކުރުން މީގެތެރޭގައި ހިމެނިފައި އެބަހުއްޓެވެ.

މާލެތެރޭގެ ކަންތައް މިހާހިސާބަށް އިންތިހާއަށް ދިއުމުން، ކެރުމާއި ހިންމަތާއެކު އިސްލާހީ ހަރަކާތުގައި ބަޔަކުމީހުން ތިބިކަން ބޭރުދުނިޔެއަށް ސާބިތުކޮށްދީ، އަންގައިދެވެން ހަމައެކަނިއޮތް ވަސީލަތަކީ، މިކަހަލަ އަވަސް ހަރަކާތެއް ހިންގާއި ބައެއްކަންތައް ކެރިގެން ކޮށްލައިގެންކަން އަޅުގަނޑުމެންނަށް ކަނޑައެޅި އެނގުނު ހިސާބުން، ކަޓޫރަބޮމެއް އީޖާދުކުރަން މަޖްބޫރުވީއެވެ.

މިކަންކުރީ އެއްގޮތަކަށްވެސް ސާކް ސަމިޓްތެރޭގައި ދަރުބާރުގެ ގޮއްވާލާއި ރާއްޖެބަދުނާމު ކޮށްލުމުގެ ބޭނުމަކުނޫނެވެ. އެފަދަ އެއްވެސް މަގްސަދެއް ނެތެވެ. އަޅުގަނޑަކީ އެސަމިޓުގެ ޓާސްކުފޯހުގައި ހިމެނި ހުރި މީހެކެވެ. ވީމައި އެއްވެސް އެކަހަލަ ވިސްނުމެއް، ފިކުރެއް ވެސް ނެތެވެ. އެއީ ސަރުކާރުންނާއި ބިންބިފޯހުން ރަށުތެރެއަށް ނެރުނު ޕްރޮޕެގެންޑާ ވާހަކަތަކެކެވެ. ސިޔާސީ ބޭނުމެއްގައި އިފެއްދި ހަގީގަތެއްނެތް ބުހުތާން ދޮގު ވާހަކަތަކެކެވެ.

ސަމިޓުއައިޑީކާޑު

ދަރުބާރުގޭގައި އެންމެފަހު ވަގުތުގައި ކުއްލިއަކަށް ކުރަންޖެހުނު، ފައިނަލް ޓަޗެއްގެ ގޮތުން ޕޮލިޝް ކޮށްލުމުގެ މަސައްކަތްވެސް ހިންގީ ގޭތެރޭގައި ތިބެގެން އުފެއްދި ގެވެށިކަޓޫރަބޮން ހެދިމީހާއާއި އޭތިހެއްދުވި މީހާގެ އަމިއްލަ އަތުންނެވެ. ރައީސް އޮފީހުން ދަރުބާރުގެ ޗެކްކުރެއްވުމަށް ފަހު، ޑޯރކްލޯޒަރު ތަކުގައިހުރިކުލަ ރަންކުލައިގެ ގިރިޓީދަވާދުލައި އޮފްކޮށްލަން ޖެހޭނެކަމަށް އެންގުމުން، ދަރުބާރުގޭގައި އެމަސައްކަތް ފުރިހަމަކުރީ ވެސް، މިކަޓޫރަބޮމުގެ މޭސްތިރިން ކަމުގައިވާ އަޅުގަނޑުގެ ކޮއްކޮ އަހުމަދު ރަޝީދު ހަންދު މެންނެވެ.

އެކަން އެހެންކުރަން ޖެހުނީ އެލިޔާއިން ދަރުބާރުގޭގެ ހުރިހާ ވަޑާމުގެ މަސައްކަތް ހިންގީ ހަންދުމެންނަށް ވާތީއެވެ. ދަރުބާރުގެ ގޮއްވާލުން ކަހަލަ ނިޔަތެއް ހަންދުމެންގެ ހިތުގައި އަށަގެންފައި އޮތްނަމަ، ދަރުބާރުގެއަށް ކޮންމެފަދަ އެއްޗެއްވެސް ލެވިދާނެއެވެ. އަދި ދަރުބާރުގޭގެ ބޭނުންތާކަށް ބޭނުން އެއްޗެއް ލެވިދާނެއެވެ. އެހެނަސް އެއީ މިހަރަކާތުގެ މަގުސަދެއް ނޫނެވެ. ބޭނުމެއްވެސް ނޫނެވެ.

އާދެ! މިކަންތައް ހިނގިއިރު އަޅުގަނޑު ގެންގޮސްފައި ހުރީ، ކުޑަގޮޅީގައި މާކުރިން ބަންދުކޮށްފައެވެ. ފަހެ، މިއީ އިސްލާހީ ހަރަކާތުގައި ޝާމިލްވި އެކްޓިވިސްޓުންގެ ބޮލުގައި ސަރުކާރުން، ބިންބިފޯސް ލައްވާއެޅުވި ބޮޑުބަދުނާމެކެވެ. ހަގީގަތެއްނެތް އަސްލެއްނެތް ތުހުމަތެކެވެ. ކަޓޫރަބޮން ގޮއްވާލެވުނީ ބޭރުދުނިޔެއަށް އިސްލާހީ ހަރަކާތެއް ރާއްޖޭގައި އުފެދިފައި އޮތްކަން ފާޅުކަންބޮޑުކޮށް ހެއްކާއެކު ދައްކާލާއި އެންގުމަށެވެ. ރޭވުނުގޮތަށް އެކަންތައް ތަންފީޒުވެގެން ދިޔައެވެ.

ރާއްޖޭގެ އިސްލާހީ ހަރަކާތަކީވަރަށް ކާމިޔާބު އެއްޗެކެވެ. ސަރުކާރުން ފަހުގެ ދުވަސްތަކުގައި ޒުވާނުންނަށް ވަޒީރުކަން ދީގެން އިސްލާހީ ހަރަކާތުގައި ބައިވެރިވުމަށް މަޖްބޫރުވީ މިފަދަ ހަރަކާތްތައް ހިންގުމާގުޅިގެން ބޭރުންއައި ސިޔާސީ ޕްރެޝަރުންކަން ކޮންމެ ދިވެހި ރައްޔިތަކު އެއްބަސްވާނެއެވެ. ބިންބިފޯހުގެ ނޮހޮރުއްޕާން ބޮޑުކަމުން ކޮނޑޭގެ ޓްރެކްޓަރަށް ކަޓޫރަބޮންލާއި ޖެއްސުންކޮށްލުމުގެ ވާހަކަ ހަންދުމެންގެ މެދުގައި ދެކެވުނަސް އެފަދަކަމެއް ކުރެވިފައި ނެތީ، މީހެއްގެ އެއްޗަކަށް އަދި މުދަލަކަށް މިކަމުން ގެއްލުމެއް ނުވާގޮތަށް ބާރުއަޑެއް ގޮވާފައި ސިހުމަކަށް ވާގޮތަށް ގޮވާއެއްޗެއް ޑިޒައިން ކުރުމުގެ ބޭނުމުގައެވެ.

ސަލްޓަންޕާކް މިކަމަށް ޚާއްސަކުރެވި ނިންމުނީ ވެސް އެހެންވެގެންނެވެ. ދެވަނައެތި ލެވުނީ، ސަރުކާރުގެ މިލްކުގައިއޮތް ލޯންޗެއްގެ ހުސްތޮށިގަނޑެއްގެ ތެރެއަށެވެ. މިދޭތިންވެސް މީހަކަށް ނުވަތަ މީހެއްގެ އަމިއްލަ ދުދަލަކަށް ގެއްލުމެއް ވުވާނެއެވެ. ސަރުކާރުގެ މުދަލަށް ގެންލުންވުމަކީ އިސްލާހީ ހަރަކާތްތަކުގައި ކޮށްއުޅޭކަމެކެވެ. އެމްޓީސީސީގެ ކޮއިމަލާ ލޯންޗަކީ މުޅިން ހަލާކުވެފައިއޮތް ހުސްތޮށިގަނޑެކެވެ.

އަދި މީތިގޮއްވާލެވުނީ ސާކްސަމިޓު ނިމި އިއްޒަތްތެރި މެހްމާނުންތައް އިއްޒަތާއެކު ފުރާވަޑައި ގަންނަވަން ފެށުމުންނެވެ. މިކަންތައް މިހެންކުރެވުނީ އެބޭފުޅުންނަށް ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ކުޑަމިންވަރެއްގެ އަޑެއް އިއްވާލުމަށެވެ. ކޮންމެއަކަސް މިކަންތައް ވެގެންދިޔައީ ސައްތައިން ސައްތަ ކާމިޔާބު ހަރަކާތަކަށެވެ. ހެސްކިޔާފަ ބޭރުދުނިޔެއިން ތަރްހީބު ލިބުނު ކަމަކަށެވެ. ވައިގާހިފި ކަމަކަށެވެ.

މިކަހަލަ ހަރަކާތެއް ޒުވާނުންތަކެއް ބައިވެރިވެގެން ހިންގާ ހަރަކާތެއްގެ ގޮތުގައި ކޮށްލަ ދިނުމަށް ފުރަތަކަ ފަހަރަށް ވިސްނާއި ބުނެދިނީ އިންޑިއާ އެމްބަސީގައި ހުރި އިންޑިއާ މީހެކެވެ. އަޅުގަނޑު ޖަލުގައި ހުރެފައި 45 ދުވަސް ހަމަވާތީ އެއްބަންދުން އަނެއްބަންދަށް ބަދަލުކުރުމަށް ގެއަށް ނެނެވުނު ފަހަރެއްގައި ގޭގައި ހުއްޓައި ރޭގަނޑެއްގައި ގޭގައި ހުރި ފިހާރަ ތެރެއަށް އިންޑިއާގެ އެމީހާ ވަދެ އަޅުގަނޑައި ސިއްރުން ބައްދަލުކޮށް ބުނެދިނުމުން ނެވެ. އޭނާ އެކަންކުރީ އަޅުގަނޑުމެން ހިންގާ ބައިސްކަލް ގަރާޖެއްގައި މަސައްކަތްކުރާ މެކެނިކެއްގެ އެހީގައެވެ. މިވާހަކަ ވާނީ ކުރިން އެހެން ހިސާބެއްގައި ތަފުސީލު ކުރެވިފައެވެ.

އެމެރިކާއިން އެންމެފުރަތަމަ ސިޔާސީ ހިމާޔަތްދިން ދިވެއްސަކީ، މިހަރަކާތުގައި ބައިވެރިވި ޖަވާހިތުވާދީ އިސްމާޢީލް ރަޝީދު (އިއްސޭ) އެވެ. މިކަމުގައި މީހުންތައް ބަންދު ކުރަން ފެށުމުން މީނާފުރައިގެން އެމެރިކާއަށް ފުރައިގެން ދިޔައިއެވެ. އުޅެއުޅެވެސް ސިފައިންނަށް މީނާ، އެމެރިކާއިން ގެނެވޭ ގޮތެއް ނުވީއެވެ. އެކަމާ ސިފައިން މަސައްކަތް ވެސް ކުރިއެވެ. މިކަމުންވެސް މިކަމަކީ އިސްލާހީ ހަރަކާތެއްކަން ސާބިތުވެގެން ދިޔައެވެ.

ބޭރުދުނިޔެއިން އަޅުގަނޑުމެން ހިންގި މިފަދަ، ސިޔާސީ ހަރަކާތްތައް ބަލައިގަތީ، ބައިނަލް އަގްވާމީ ފެންވަރުގެ އިސްލާހީ ހަރަކާތެއްގެ ގޮތުގައެވެ. ކާމިޔާބު ކަމެއްގެ ގޮތުގައެވެ. އަޅުގަނޑުމެންނަށް މިކަންތައްކޮށް ލެވުމުން، ބޭރުދުނިޔޭގެ ސަމާލުކަން ހޯދަންޖެހޭ މިންވަރަށްވުރެ ބޮޑުކޮށް، ބައިނަލްއަގްވާމީ މުޖްތަމައު ތަކުން ރާއްޖޭގެ އިސްލާހީ ހަރަކާތަށް ތަރުހީބާއި މަރްހަބާ ކިޔުންތައް އޮހެމުންދިޔައެވެ. ރޫހާނީގޮތުންނާއި މާއްދީގޮތުން ހިތްވަރު ލިބުނެވެ.

ސަރުކާރުން ބިންބިފޯސް މެދުވެރިކޮށް އަޅުގަނޑު މެންގެ ބޮލުގައި އެޅުވުމަށްކުރި އެއްވެސް ކަމެއް ކާމިޔާބެއް ނުވިއެވެ. ބޭރުދުނިޔޭގެ ކުރިމަތީގައި ކުރިޔަށް ދިޔައީ އިސްލާހީ ހަރަކާތުގެ އަމާޒުތަކެވެ. މިހުރިހާ ހަގީގަތްތަކެއްގެ މައްޗަށްބުރަވެ ހުރެ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހެންވޭރުކޮޅު ހިއްކިތާގައި ގޮށްވާލި ގެވެށިކަޓޫރަބޮމާއި ސަލްޓަންޕާކްގައި ގޮއްވާލި ގެވެށިކަޓޫރަބޮމަކީ، ސާކްސަމިޓް ހިނގަމުން ދަނިކޮށް ދަރުބާރުގެ ގޮއްވާލުމޭ ކިޔައިގެން މިދައްކާ އެއްވެސް ވާހަކައާ ގުޅުންހުރި ކަމެއްނޫން ކަމަށެވެ. އެއީ ބޮޑުވެގެންވާ އޮޅުވާލުމެއް ކަމަށެވެ.

ފަހަތުގައި ސިޔާސީ މަގްސަދުތަކެއް އޮވެ އެކަން ހާސިލުކުރުމަށް އުފެއްދި ސިޔާސީ ބުހުތާންތަކެއް ކަމަށެވެ. ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ދެއްކި ދޮގު ވާހަކަ ތަކެއްކަން ކަށަވަރެވެ. މިހާދިސާއާގުޅިގެން ބަންދުކުރެވުނު ހުރިހާފަރާތްތަކަކީ، ދިވެހި ގައުމުގެ ކުރިމަގު ތަހުޒީބުކޮށް، ޒަމާނީ ޑިމޮކްރެސީއާއި ފުރިހަމަ މިނިވަންކަން ދިވެހި ރާއްޖެއަށް ގެނެސްދިނުމަށް، މަގުފަހިކޮށް ދިނުމުގައި ގަދައަޅާއި ހިންމަތާއެކު ބިރެއްނެތި މަސައްކަތް ކުރިމީހުންކަމާ މެދު އެއްވެސް ކަހަލަ ޝައްކެއް ނެތެވެ. އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ތެރެއިން މިބުރުގައި ބަންދުކުރެވުނު މީހުންގެ ނަންތަކަކީ މިއެވެ.

1 މުހަންމަދު ނަޝީދު (އަންނި) ގ.ކެނެރީގެ މާލެއެވެ. 3 އަހަރާއި، 6 މަސް ދުވަހަށް ޖަލަށްލުމަށް ދެހުކުމެއް މިބުރުގައި އިއްވުނެވެ. އަދިވެސްހުރީ ގާމާދު ޖަލުގައެވެ.

2 އިލްޔާސް ހުސައިން އިބްރާހީމް (ޖަވާހިރުވާދީ އިލްޔާސް) މ.ޖަވާހިރުވާދީ މާލެއެވެ. 3 އަހަރު ދުވަހަށް ޖަލަށް ލުމަށާއި މަންތިރިއާއި އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލާގުޅިގެން މިއިންކަމަކަށް، 6 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްއިއްވުނެވެ. މިކަމުގެ ތަފްސީލުތައް މިލިޔުންތަކުގައި ހުންނާނެއެވެ. މިވަގުތުހުރީ ގާމާދޫ ޖަލުގައެވެ.

3 މުހަންމަދު ޝަފީގު (ސައްޕެ) 11 އަހަރަށް ޖަލަށް ލުމަށް ހުކުމްއިއްވުނެވެ. 2 ނޮވެންބަރ 1992 ގައި ގެއަށް ބަދަކުކުރި ގޮތަށް އަދިވެސްހުރީ ގޭބަންދުގައެވެ.

4 އަހްމަދު ރަޝީދު ހުސައިން (ހަންދު) މ.ޖަވާހިރުވާދީ މާލެއެވެ. 15 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވުނެވެ. އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލް މައްސަލާގައި، އިތުރު އެއްއަހަރު ދުވަސް ޖަލަށް ލުމަށް ހުކުމްއިއްވިފައި ވެއެވެ. އަދިވެސްހުރީ ޖަލުގައެވެ.

5 އިބްރާހީމް ރަޝީދު ހުސައިން (އިބުރޭ) މ.ޖަވާހިރުވާދީ މާލެއެވެ. 3 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް އިއްވުނެވެ. އެފްޕީއައިޑީގެ މަޝްހޫރު ކެސެޓްރޯލް މައްސަލާގައި އެއްއަހަރަށް ޖަލަށްލުމަށް ހުކުމް އިއްވާފައިވެއެވެ. ގެއަށް ބަދަލުކުރީ ސެޕްޓެންބަރ 1992 ގައެވެ. އަދިވެސްހިރީ ގޭބަންދުގައެވެ.

6 އަލީ ރަޝީދު ހުސައިން މ.ޖަވާހިރުވާދީ މާލެއެވެ. ހުކުމްކުރީ، 3 އަހަރު ދުވަހަށް އަރުވާލުމަށެވެ. އަރުވާލެއްވުމުގެ ހުކުމުން މިހާރުހުރީ ގޭބަންދަށް ބަދަލުވެފައެވެ.

7 މުހަންމަދު ރަޝީދު ހުސައިން (ބިގޭ) މ.ޖަވާހިރުވާދީ މާލެއެެވެ. ހުކުމް އިއްވީ، 15 އަހަރު ދުވަހަށް ޖަލަށްލުމަށެވެ. އަދިވެސްހުރީ ޖަލުގައެވެ.

8 އަބްދުއްﷲ ހުސައިން ގއ.ދާންދޫ އެވެ. ހުކުމް އިއްވީ، 6 އަހަރަށް ޖަލަށްލުމަށެވެ. އަދިވެސްހުރީ ޖަލުގައެވެ. މިކަންތައް ހިނގިއިރު މީނާ ދިރިއުޅެމުން ގެންދަނީ މާފަންނު ޖަވާހިރުވާދީގައެވެ.

9 އަބްދުއްﷲ ސަލީމް މއ.ޓުވައިލައިޓް މާލެއެވެ. ހުކުމްއިއްވީ، 15 އަހަރަށް ޖަލަށެވެ. އަދިވެސްހުރީ ޖަލުގައެވެ. މީނާއަކީ ހަންދުއާއެކު އެލިޔާގައި މަސައްކަތްކުރި ވަރަށް މޮޅުއިންޖިނޭރެކެވެ. ގެވެށިކަޓޫރަބޮން އީޖާދުކުރީ މީނާގެ ވިސްނުމުންނެވެ.

10 މުހަންމަދު އަބްދުއްރައްޒާގް އެވެ. މީނާއަށް ހުކުމްއިއްވީ، 13 އަހަރަށް ޖަލަށެވެ. 2 ސެޕްޓެންބަރ 1992 ގައި ގެއަށް ބަދަލުކޮށް މިހާރުހުރީ ގޭބަންދުގައެވެ. މީނާއަކީ އެލިޔާގައި މަސައްކަތްކުރި މުވައްޒަފެކެވެ.

11 ރަޣީބުއަލީ ތ.ގާދީއްފުށި އެވެ. ހުކުމްއިއްވީ، 10 އަހަރަދުވަހަށް ޖަލަށެވެ. މިހާރު ހުރީ ޖަލަކުނޫނެވެ. ގޭބަންދަށް ބަދަލުކުރައްވާފައެވެ. މީނާއަކީ އެލިޔާގެ މުވައްޒަފެކެވެ.

12 އަޒްމީލް މީނާއަކީ އައްޑުއަތުޅު ސ.ހިތަދޫ ބުގޭޖަލީލުގެ ދަރިފުޅެކެވެ. ހުކުމްކުރީ، 3 އަހަރާއި، 6 މަސް ދުވަހަށް ޖަލަށްލުމަށެވެ. މިހާރުހުރީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ. މީނާއަކީ، ޖަވާހިރު އައްސޭރީގައި ކުއްޔަށް ދިރިއުޅެމުން ގެންދިޔަ ޖުވާނެކެވެ.

13 އިބްރާހީމް ނަސީމް (ކިޔޮޅު) އެވެ. މީނާއަށް ހުކުމް އިއްވުނީ، 13 އަހަރަށް ޖަލަށްލުމަށެވެ. މީނާއަކީ އެދުވަސްވަރު ފިޝަރީޒްގައި ގެންގުޅުނު “ފަރުމަސް” ދޯނީގެ ކިޔޮޅެވެ. ބިގޭގެ ބެލުމުގެދަށުގައި މަސައްކަތްކުރާ މީހެކެވެ. މީނާއަކީ ވަރަށް ބިރުކުޑަ ކެރޭމީހެކެވެ. ދަންޑަހެލު ވައްތަރު މީހެކެވެ. މިހަރަކާތުގެ ދަންޑަހެލެވެ.

ދެވަނަ ގެވެށިކަޓޫރަބޮން ތަނެއްގައި ބޭއްވުމަށް، އިންދުމަށް އަމަލީގޮތުން ހަރަކާތްތެރި ވެލެއްވި ކިޔޮޅު މީހާއެވެ. އަދިވެސްހުރީ ގާމާދޫޖަލުގައެވެ. މީނާ މިކަން ކުރުމަށް ރައީސްއޮފީސް ކުރިމަތީވާ ކަހަލަ ގޮތަކަށް އަޅާފައި އޮތް ކޯސްޓުގާޑު ލޯންވަކަށް އަރާއި އެކަން ކުރެވޭތޯ ބެއްޔެވެ. އެހެނަސް އޭލޯންޗު ތެރޭގައި ގެވެށިބޮން ނުއިންދައި އަނބުރާލާފައި ފޭބީ އޭގެތެރޭގައި މީހަކު ނިދާފައި އޮތުމުންނެވެ. އޭނާއަށް ގެއްލުމެއް ވެދާނެތީއެވެ.

14 ކެޕްޓަން އަބްދުﷲ މުއާޒު މީނާއަކީ ކަނޑުބޯޓެއްގެ ކެޕްޓަނެކެވެ. މީނާއަށް އިއްވިހުކުމަކީ، 5 އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. މިހާރުހުރީ ގޭބަންދަށް ބަދަލުކޮށްފައެވެ. މިއީ ބޮޑުސައްޕެގެ ފްރެންޑެކެވެ.

15 އިލްޔާސް އަބްދުﷲ މ.އޮމަދޫ މާލެއެވެ. ހުކުމްއިއްވީ، 5 އަހަރަށް އަރުވާލުމަށެވެ. ގެއަށްބަދަލުކުރެއްވީ، 10 ނޮވެންބަރ 1992 ގައެވެ. އަދިވެސް ހުންނެވީ ގޭބަންދުގައެވެ. މީނާއަކީ އެލިޔާކުންފުނީގެ ހިއްސާދާރެކެވެ.

16 މަސްއޫދުއާލަމް މ.ލަކްސްލީން މާލެއެވެ. ހުކުމް އިއްވީ، 4 އަހަރުދުވަހަށް އަރުވާލުމަށެވެ. މަސްއޫދަށް ހުކުމް އިއްވީ، 15 އޮކްޓޯބަރ 1992 ގައެވެ. މިހާރުވަނީ ގޭބަންދަށް ބަދަލު ކުރައްވާފައެވެ. މިއީ އޭރުއްސުރެ ސިޔާސީފިކުރު ގެންގުޅުއްވާ ބޭފުޅެކެވެ.

17 މުހަންމަދު ޚަލީލް (މައްކޮ) ގ.އުތުރުގެ މާލެއެވެ. ހުކުމްއިއްވީ، 4 އަހަރުދުވަހަށް އަރުވާލުމަށެވެ. ހުކުމް އިއްވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިހާރުހުންނެވީ ގޭބަންދުގައެވެ. މިއީ ވިސްނުންތޫނު ޑިޕްލޮމެޓިކް ރޮންގުން އަރާހުންނެވި އިދާރީ ބޭފުޅެކެވެ. އަޅުގަނޑާއޮންނަ ގުޅުމެއްގެ ސަބަބުން، މީގެތެރެއަށް ސިފައިން ގަދަކަމުން ވެއްދި ބޭފުޅެކެވެ. އަމަލީ އެއްވެސް ކަމެއް ކުރެއްވި ބޭފުޅެއްނޫނެވެ.

18 އަލީވަހީދު ހަސަން މަނިކް މއ.ސިލްވަރސީން މާލެއެވެ. ހުކުމްއިއްވީ 3 އަހަރަށް އަރުވާލުމަށެވެ. މިނިވަންވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިއީ ރާއްޖޭގެ މީޑިޔާގައި ތަޖްރިބާތަކެއް ހޯއްދަވާފައިވާ، އިލެކްޓްރޯނިކް މީޑިޔާގައި މުހިންމު ދައުރެއް އަދާކުރެއްވި ސިޔާސީ ފިކުރުގެ ބޭފުޅެކެވެ.

19 ނައުޝާދުވަހީދު ހަސަން މއ.ސިލްވަރސީން މާލެއެވެ. ހުކުމްކުރީ، 3 އަހަރަށް ޖަލަށެވެ. މިނިވަންވީ، 1992 އޮކްޓޯބަރ މަހުތެރޭގައެވެ. މިއީ އެންމެނާ ގުޅުން ބާއްވާ ސިޔާސީ ބޭފުޅެކެވެ.

20 އަބްދުލްމުޢީދު މ.ކުރަނގި މާލެއެވެ. ހުކުމް އިއްވީ، 5 އަހަރަށް ޖަލަށެވެ. މިހާރުހުރީ ގެއަށްބަދަލު ކޮށްފައެވެ. މިއީ ރާއްޖޭގެ ފެންވަރުގައި މޮޅު އިންޖިނޭރެކެވެ. ލޭތުމަސައްކަތަށް މޮޅު ކުޅަދާނަ، ސިޔާސީ ފިކުރުގެ ބޭފުޅެކެވެ.

21 އަބްދުލް ހަންނާނު އަބޫބަކުރު މިއީ ހެރިންސް ހަންނާނެވެ. ހުކުމްކުރީ، 3 އަހަރަށް ޖަލަށް ލުމަށެވެ. މިނިވަންކޮށް ދޫކޮށްލީ، 2 ނޮވެންބަރ 1992 ގައެވެ. މިއީ އަމިއްލަ ހުނަރުތަކެއްގެ އަހުލުވެރި، ވަކިހަމަތަކެއް ގެންގުޅޭ ސިޔާސީ ބޭފުޅެކެވެ.

22 މުހަންމަދު ޝަރީފް (ވިންޓަރު) އެވެ. 3 އަހަރަށް ޖަލަށް، އަދި އެއް އަހަރަށް އަރުވާލަން ހުކުމްކުރެއްވިއެވެ. އެމައްސަލަ އިސްތިއުނާފަށް ހުށަހަޅައިގެން އެއްއަހަރުގެ އަރުވާލުން، 6 މަހަށް ބަދަލުވިއެވެ. މިހާރުހުރީ ގޭބަންދުގައެވެ. މިއީ އޭނާގެ ފެންވަރުގައި މޮޅު މެކެނިކު އިންޖިނޭރެކެވެ. އަމިއްލައަށް ވެލްޑިންމެޝިނެއްގެ ކޮއިލް ބޭނުންކޮށް ގެން ޑިޝްއެންޓަނަރ އެއްއުފެއްދެވުމުގެ ކާމިޔާބު މަސައްކަތްތަކެއް ހިންގެވި، ދީނީ ފިކުރުގެ ބޭފުޅެކެވެ.

23 ސައުދުއްﷲ ޖަމީލް (ބޮންޑު) އެވެ. މީނާއަކީ ޒަކަރިއްޔާ ޖަމީލުގެ ދަރިފުޅެކެވެ. ހުކުމްނީއްވިގެން ކޯޓުން ދޫކޮށްލީ، 1993 ވަނައަހަރުގެ މާޗްމަހުތެރޭގައެވެ. މިހާރުހުރީ ގޭބަންދުގައެވެ. މީނާއަކީ މިމައްސަލާގައި ހުކުމްނީއްވާ ބަންދުގައި ބެހެއްޓި މީހެކެވެ. މިއީ ވިސްނުންތޫނު ގާބިލް ޖުވާނެކެވެ. ސިޔާސީކަންކަމަށް ޝައުގުވެރިކަން ބަހައްޓަވާ ބޭފުޅެކެވެ.

24 ނިޒާރު (އެލިޔާގައި ހަންދުއާއެކު މަސައްކަތްކުރި ބޭފުޅެއް) މީނާއަކީ ވެސް ހުކުމްނީއްވާ ދޫކޮށްލިމީހެކެވެ. މީނާގެ މައްސަލަ ދޫކޮށްލީ، 3 ޖޫން 1992 ގައެވެ. އެހެނަސް ހެއްވާ ކަމަކީ، ދިގު ބަންދެއްގައި ގެންގުޅުނު ކަމެވެ.  މިދެބޭފުޅުންނަށް ހުކުމް ނީއްވުނީ ސިފައިންނެގި ބަޔާންއޮތް ގޮތުންނެވެ. ގާޒީއަށް ދައުވާކުރި އަސްލު މައްސަލަ ސާބިތުކުރެވޭ ގޮތްނުވީއެވެ. ސަލްޓަންޕާކް ކަޓޫރަބޮމުގެ މައްސަލާގައި ގިނަދުވަސްތަކެއް ވަންދެން ބަންދުގައިތިބެ ހުކުމް އިއްވުނު މީހުންނަކީ މިދެންނެވި މީހުންނެވެ.

މިމީހުންގެ ބައިވެރިވުން ރާއްޖޭގެ އިސްލާހީ ހަރަކާތަށް އަމަލީގޮތުން ލިބުނެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތް ބޭރުދުނިޔެއަށް ފެތުރި ފާޅު ވެގެން ދިޔައީ މިމަސައްކަތުގެ ސަބަބުންނެވެ. މިއީ އޮޅުވާލެވޭނެ ހަގީގަތެކެވެ. އަދި ސަވާބުހުރި ޖިހާދެކެވެ. ޖުމްލަ، 24 މީހުންގެ މައްސަލަ، ސިފައިން މެދުވެހިކޮށް ބަންޑާރަނައިބު އޮފީހަށް ފޮނުވައިގެން ޝަރުޢީކޯޓަށް ހުށަހެޅިއެވެ. މީގެތެރެއިން، ހުކުމްނީއްވާ ދޫކޮށްލީ، އެންމެދެމިހުން އެކަންޏެވެ. މިދެމީހުންވެސް، 1993 ވަނަ އަހަރާހަމައަށް ބަންދުގައި ބޭތިއްބިއެވެ.

ސަލްޓަންޕާކްގައި ގޮއްވާލި ގެވެށިކަޓޫރަބޮމުގެ ހާދިސާއާގުޅިގެން، 200 ވަރަކަށް މީހުން ދޫނިދޫއަށް ގެންގޮސް ކުޑަގޮޅިތަކުގައި ބަންދުކުރިއެވެ. މީގެތެރެއިން އެތައްބައެއްގެ ސިކުނޑި ހަލާކުވިއެވެ. ބޯގޯސްވި މީހުން، އެބަތިއްބެވެ. މޮޔަވި މީހުން އެބަތިއްބެވެ. މިއީ ސިފައިން ވަރަށް ވަރުގަދަކޮށް ހިންގި ތަހުގީގެކެވެ. ވަރަށް އަނިޔާވެރިކޮށް ހިންގި ތަހުގީގެކެވެ.

ވަޙްޝީ އަނިޔާތަކެއް ދިން ތަހްގީގެކެވެ. 3 ނޮވެންބަރ 1988 ގައި އިންޑިޔާ ސިފައިންގެ ފަރާތުން ލިބުނު ތަޖްރިބާތަކުގެ މައްޗަށް ބިނާކޮށް ވަރަށް ރާވައިގެން ތަޖްރިބާ ހޯދުމުގެގޮތުން ހިންގިތަމްރީން ތަކަކޭވެސް ބުނެވިދާނެއެވެ. އަޅުގަނޑުގެ މިވާހަކަތަކުން އެކަންތައްސާފުވެ އޮޅުންފިލާނެއެވެ. ބަންދުކުރެވުނު މީހުންނައި ހުކުމް އިއްވުނު މީހުންގެ ވާހަކަ މިހާތަނުން މިނިމުނީއެވެ.

1 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 740 ވަނަ ދުވަހެވެ. މިއަދަކީ ވިއްސާރަ ދުވަހެކެވެ. ކުޅެންށާއިމޫދަށް ނެރުނެވެ.

1990 ވަނަ އަހަރުމާލެތެރޭގައި އުފެދުނު، ބިންބިފޯހުގެ ސިއްރުރޭވުމެއްގެ ވާހަކަ:

މިއަދު ހަވީގެ ވަގުތެއްގައި މިވާހަކަ އަޅުގަނޑަށް އަކުރުންއަކުރަށް ކިޔައިދިނީ، އަލްފާޟިލް އިބްރާހީމް ވިސާމް، މ.މާކޮޅު މާލެއެވެ. ވިސާމަށް ވަނަމަކަށް އަޅުގަނޑުމެން ކިޔަނީ އޭނަ އަމިއްލައަށް އޭނައަށްކިޔާ އުޅޭނަމެވެ. އެއީ “ޖަނާބު” އެވެ. ހީވާގޮތުގައި މީނާޖަނާބު ކިޔަންފެށީ ބާބުލްއަވާލީ ޝައިޚަށް ބޮޑުޖަނާބު ކިޔާތީހެންނެވެ. ވިސާމުގެ ބައްޕައަކީ ބޮޑުޖަނާބުގެ ދަރިވަރެކެވެ.

އަދި އޭނާއަކީ، ބޮޑުޖަނާބުގެ ދުވަސްވަރު، މއ.ބާބުލްޢަވާލީ އަށް ބޮޑުޖަނާބުގެ ދަރުސްތައް އަޑުއެއްސެވުމަށް ވަޑައިގަންނަވާ ބޭފުޅެކެވެ. ވިސާމުވެސް ޖަލުގައި އުޅުނީ ދީންވެރިކޮށެވެ. ގަވާއިދުން ނަމާދުކޮށް އުޅެއެވެ. އަދި އަޅުގަނޑުމެން ކައިރިން ބަރާބަރަށް ކިޔަވާހަދައެވެ. ވަރަށްގިނަ އެއްޗެހި އޮޅުންފިލުވާ ހަދައެވެ. މިހާހިސާބުން އަޅުގަނޑު މިލިޔަނީ ޖަނާބު އަޅުގަނޑަށް ކިޔައިދިން ވާހަކައެވެ. މިއީ ވަރަށް މުހިންމު ވާހަކައެކެވެ.

ދިވެހިތާރީޚަށްޓަކާ ކޮންމެހެން ވެސް ލިޔެލާންޖެހޭ ވާހަކައެކެވެ. މީގެކުރިންވެސް މިވާހަކަ، ޖަނާބު ދައްކާހައްދަވައެވެ. އަދި ތަހުގީގު ތެރޭގައި މިވާހަކަތައްވަނީ ދެކެވިފައެވެ. މިއަދު ތަންކޮޅެއް ތަފްސީލުކޮށް ކިޔައިދިނީއެވެ. އަންނިއަށް ވެސް ކިޔައިދިނެވެ. އަދި ހަމަ މިފަދައިން މުހަންމަދުނާސިރު، މީނާޒު ބ.އޭދަފުށި ވެސްވަނީ، އެތައްފަހަރަކު މިވާހަކަތައް އަޅުގަނޑަށާއި އަންނިއަށާއި ސައްޕެއަށް ކިޔައިދެއްވާފައެވެ. މިއީ ސިފައިންނާ ހަމައަށް ތަހުގީގުގައި ގޮސްފައިވާ، އަދި ތަހުގީގުތެރޭގައި ސުވާލުކުރެވި ފައިވާ ވާހަކަތަކެވެ. އެހެނަސް ތަހުގީގުން އުނި ކުރެވިފައިވާ ބައެކެވެ.

އާދެ! ނާސިރު ދޫނިދޫކުޑަގޮޅީގައި ހުރިދުވަސްވަރު، މާލެގެންދިޔަ ދުވަހެއްގައި ފިލައިގެން ޖެހުނު މައްސަލަ ގަނޑެއްގައި ގާމާދޫޖަލަށް ގެންދިއުމުން އެތާނގައި ބަންދުކޮށްފައި ނާސިރު ބެހެއްޓި ގޮޅިއަށް ބިންބިފޯހުގެ އިސްބޭފުޅެއް ކަމުގައިވާ، ވާދޫ އަހަންމައިދީ ނާސިރު ހުންނެވި ގޮޅިއަށް ރޭވުމެއްގެ ދަށުން ގެންދެވުނެވެ. ބުނެވޭ ގޮތުގައި މިއަހަންމައިދީ ގާމާދޫއަށް ގެންދެވުނީ ކެމެރާއެއްގެ މައްސަލާގައެވެ.

މީނާއަކީ ފިނިހިޔާ ޓިއުޝަން ކްލާސް އަދި “ޝަހީދު” ހިންގެވި އެތާގެބޮޑު މީހާއެވެ. ކެމެރާއެއްގެ ބަހަނާގައި މީނާ ގާމާދޫ ޖަލަށް، ނާސިރު ހުރިގޮޅިއަށް ގެނެސްދިނުމުގައި ހަރަކާތްތެރި ވެފައިވަނީ، އޭރުސިފައިންގެ ވެރިއަކަށް ހުންނެވި އާދަމް ޒާހިރާއި ކާށިދޫ ހުސައިން އިބްރާހީމްފުޅެވެ. މިއީ ރައީސް މައިމޫނުގެ ޕާޓުޓައިމް ދެއެޖެންޓުންނެވެ. ދީދީ ގެނެސް ނާސިރު އޮތްގޮޅިއަށް ލުމުން، މިދީދީގެ މަސައްކަތް ފެއްޓެވީ ވަރަށް ސީރިއަސް ކޮށެވެ.

ދީދީއާހަވާލު ކުރެވިފައިވާ މަސައްކަތް ކެތްތެރިކަމާއި ހިކްމަތާއެކު ދީދީ ފެއްޓެވިއެވެ. ފުރަތަމަ ދެދުވަހެއްގެ ތެރޭގައި ވަރަށް ރަނގަޅަށް ނާސިރައި ރަށްޓެހި ވެއްޖެއެވެ. ދީދީގެ މަސައްކަތަކަށްވީ ނާސިރުއާ ރަނގަޅަށް ގުޅާލުމަށް ފަހު، ރޭވިފައިވާ ރޭވުންތައް ނާސިރަށް ކިޔައިދީ، ވަރުގަދަ ރޭވުން ގަނޑެއް، ސިއްރުޕުލޭނެއް ރާވާލަ ދިނުމެވެ. ނާސިރުގެ ބޮލަށް ދީދި އެރިގެން ރޭވި ރޭވުންގަނޑަކީ، 1990 ވަނަ އަހަރު މާލެ ތެރޭގައި ހިންގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ޑޮކްޓަރ ވަހީދު އައި ގުޅުވާލުމުގެ ރޭވުންތަކެވެ.

ޑޮކްޓަރ ވަހީދުގެ ބޮލުގައި މިކަންތައްގަނޑު އެޅުވުމެވެ. ނާސިރަށް ޖަވާހިރުވާދީގެ ދެކުނުފަރާތުގެ ފެންޑާހުންނަ ގޮތާއި ފެންޑާގައި ގޮނޑިތަކާއި ސަރަންފީތަކާއި އަޅުގަނޑު އޮށޯންނަ ބޮޑުސަރަންފީ ގޮނޑިހުންނަތަނާއި އުނދޯލި ހުންނަތަން ރަނގަޅަށް ކިޔައިދީ، ދަސްކޮށްދީ ހެދުމަށްފަހު، ޑޮކްޓަރ ވަހީދަކީ، ވަރަށް ގިނައިން މަގުމަތިން އެކި ޖަލްސާތައް ނިންމާފައި އިސްލާމީ މަރުކަޒުންނާއި އޮފީހުންނާއި އެކިތަންތަނަށް ގޮސްއައިސް ވާއިރު، ފެނިދެނިވާ މީހެއްކަމާއި މިހެންފެންނަ ފަހަރުފަހަރުގައި ނިތްއަރުވާލާ ހައްދަވާ ބޭފުޅެއް ގޮތުގައި ބުނެދިނެވެ.

ފަހުންފަހަށް އައިސް ސަލާމްކޮށްލާއި ހަދާއުޅޭމީހެއް ކަމާއި މިގޮތުގެމަތިން ފެނިފެނިރައްޓެހި ވުމަށްފަހު އެއްދުވަހަކު ޑޮކްޓަރ ވަހީދާވާހަކަ ދައްކާލުމުން ގެއަށްޖައްސާލުމަށް ޑޮކްޓަރވަހީދު ވިދާޅުވުމުން، ނާސިރު ޖަވާހިރުވާދީއަށް ގޮސް، ޑޮކްޓަރ ވަހީދާވާހަކަ ދަށްކާއި ހެދީކަމަށް ބުނެދިނެވެ. މިގޮތުގެ މަތިން ނާސިރު ވަހީދާއި ރައްޓެހިވީ ކަމަށް ހެދުމަސް ނާސިރަސް ހުތްލައި ދިނެވެ.

ވަހީދާގުޅުން އޮންނަކަން ސާބިތުކޮށް ދިނުމަށް ދީދީ، ނާސިރަށް ރާވާދީފައިވަނީ މިގޮތަށެވެ. މިގޮތަށް ރާވާލައިގެން ތަހުގީގަށް ބުނެދިނުމަށެވެ. ޑޮކްޓަރ ވަހީދާއެކު ގުޅުން އުފެދުނު ގޮތަކީ، މިއީކަމުގައި ނާސިރަށް ކިޔައިދީ، ނާސިރު މިކަން ގަބޫލުކުރުމުން، ނާސިރަށް ހުތްލައިދިނީ، ނާސިރުމެން މާލެތެރެގައި އަލިފާން ރޯކުރިތަންތަން ރޯކޮށް ހުޅުޖަހާ ހެދީ މިބައްދަލުވުން ތަކުގައި، ޖަވާހިރުވާދީގައި އިންނަވައިގެން ޑޮކްޓަރ ވަހީދު ވިދާޅުވުމުން ކަމަށް ހަދާށެވެ.

ވިސާމާއި ނާސިރުމެންކުރި ކަންތަކަކީ ޑޮކްޓަރވަހީދު ވިދާޅުވެގެން މާލެތެރޭގައި ހިންގި ކަންތައް ކަމަށެވެ. ދީދީގެ މިރޭވުންގަނޑުވަނީ، ނާސިރަށް ކިޔައިދީ އެއްބަސް ކުރުވާފައެވެ. ނާސިރަށް ބުނެދީފައިވަނީ، ސިފައިން ސުވާލުކުރުމުން މިވާހަކަމިގޮތަށް ސިފައިންނަށް ކިޔައިދިނުމަށެވެ. އަދި ނާސިރުމެން މާލެތެރޭގައި ކުރިކަންތަކަކީ، ޑޮކްޓަރވަހީދު ވިދާޅުވެގެން ކުރިކަމެއްކަމަށް ނާސިރުވަނީ، ފުލުހުންނަށް ބަޔާންދޭނެކަމަށް ދީދީކައިރީގައި އެއްބަސްވެ، މުޅިން ނިންމާފައެވެ.

ދެވަނަމީހެއްގެ ހެކިހޯދާނެ ގޮތެއްކަމަށް ދީދީ، ނާސިރަށް ބުނެދީފައިއޮތީ މާލެއަށްކޯޓަށް ގެންދާދުވަސްދުވަހު ޖަނާބާދިމާވުމުން މިވާހަކަތައް ޖަނާބަށް ކިޔައިދީ، ޖަނާބައި ސިފައިން ސުވާލުކޮށްފިއްޔާ ޖަނާބުވެސް، މިބީދައިން ސިފައިންނަށް ބަޔާނެއް ދިނުމަށް އެއްބަސް ކުރުވުމަށެވެ. ޖަނާބު މިކަމަށް އެއްބަސްކުރުވުމުގެ މަސައްކަތް ދީދީ ހަވާލުކުރީ ނާސިރާއެވެ.

މިވާހަކަތަކާއި ހަދަންވީގޮތް ލިޔެފައިވާ ކަރުދާސްގަނޑެއް، މާލެއަށް ކޯޓަށް ގެންދިޔަ ދުވަހެއްގައި ޖަނާބާ، ނާސިރު ދިމާވުމުން ޖަނާބުއަތަށް ނާސިރުދިންކަމަށް ޖަނާބުނުންޏެވެ. ޖަނާބުބުނަނީ ދުވަސްގަނޑެއް ވަންދެން މިކަރުދާސް ގަނޑު، ޖަނާބުއަތުގައި އޮތްކަމަށެވެ. އެހެނަސް ފަހުންވީނުވީތަނެއް ނޭގުނީކަމަށެވެ. މިކަރުދާސްގަނޑާކީ އަޅުގަނޑުމެން ގެތެރެއިން މީހަކުދުށް އެއްޗެއްނޫނެވެ. މުޅިންވެސް އިވެނީ ނާސިރާއި ޖަނާބު، ދަށްކާވާހަކަ ތަކުގެއަޑެވެ.

ޖަނާބު ވަރަށް ރީތިކޮށް ވަރަށްސާފުކޮށް މިވާހަކަތައް އަޅުގަނޑުމެންނަށް ކިޔައިދިނެވެ. މިކަރުދާސްގަނޑު ފޮރުވައިގެން ގެންގުޅެން ހަދާންނުވީކަމަށް ޖަނާބު ބުނެއެވެ. މިއީ އެހާމުހިންމު އެއްޗެއްކަމަށް ހިތަށްވެސް ނޭރީކަމަށް ބުނެއެވެ. ކޮންމެއަކަސް ދީދީގެ މަސައްކަތް ނާސިރާހަމައަށް ވަރަށް ކާމިޔާބުކޮށް ހިންގާނިންމާ ލެއްވިއެވެ. އެއަށްފަހު، ދީދީ މާލެއަށް ގެންގޮސް ދޫކޮށްލީއެވެ.

އެހެނަސް ޖަނާބު (ވިސާމް) ގެބޯހަރުކަމުން މިގޮތަށް އެދެމީހުންގެ ހެކިބަސް ސިފައިންނަށް ނުލިބުނީއެވެ. ވާދޫ އަހަންމައި ދީދީގެ ރޭމުމަކީ ނާސިރާއިވިސާމުގެ އެއްބަސްވުން މިގޮތަށް ސިފައިންނަށް ލިބޭނެގޮތަށް މަގުފަހިކޮށްދިނުމެވެ. ވިސާމު މާލޭން ފެންނަކޮންމެ ދުވަހަކު މިގޮތަށް އެއްބަސްވެދީ ސަފައިން ސުވާލުކޮށްފިއްޔާ މިގޮތަށް ބަޔާނެއް ދިނުމަށް ނާސިރުއެދެމުން ދިޔަކަމަށް ވިސާމު ބުނެދިނެވެ.

ނާސިރު ވިސާމުގާތުގައި މިވާހަކަތައް ދަށްކަނީ، މާލެއަށް ދެމީހުންއެކުގައި ކޯޓަށް ގެންދާދުވަސް ތަކުގައެވެ. މިދެމީހުންނަށް މެންދުރު ކެއުންދެނީ ދެމީހުން އެއްކޮށް އެއްތަނެއްގައި ބައިތިއްބައިގެން ކަމަށްވެއެވެ. ބޭނުންވަރަކަށް މިދެމީހުންނަށް ވާހަކަދައްކާއި ސައްލާކޮށް ހެދެއެވެ. އަދި މީގެއިތުރުން ދެވަނަރޭވުމެއް ވެސް، މިދީދީ ނާސިރަށް ރާވައިދީފައިވެއެވެ. އެރޭވުން ވެސް ލިޔެލާނަމެވެ.

އެއްދުވަހަކު، އެލިޔާ އަލީއަބްދުﷲ މ.ޔާގޫތުގެ މާލެ، މޯލްޑިވްސް ޕޯޓްސް އެތޯރިޓީއަށް ނާސިރު ގެންދަވާފައި ޑިމްސް ރޯކޮށްލި މަންޒަރު ވީޑިޔޯކޮށްފައިއޮތް ކެސެޓްރޯލެއް ނާސިރަށް، ދެއްކެއުމަށް ފަހު، އަލިފާނާބެހޭގޮތުން ނާސިރާ މަޝްވަރާކޮށް، އެކަންތައް ކުރިޔަށް ގެންދަންވީ ގޮތުގެވާހަކަތައް ކިޔައިދެއްވި ކަމަށް އެއްބަސް ވުމަށް ވެސް ނާސިރަށްވަނީ، މިދީދީ ހުތްލައިދީފައި ކަމަށް މިދެމީހުން ކިޔައިދީފައި ވެއެވެ.

އަދި ޖަވާހިރުވާދީއަށް ގޮސް ސަރަންފީއެއްގައި އިނދެ، ޑޮކްޓަރވަހީދާ ބައްދަލުކޮށް މާލެތެރޭގެ އަލިފާނާބެހޭގޮތުން ސައްލާކޮށް ހެދިކަމަށް ނާސިރުވަނީ އެއްބަސްވެފައެވެ. އެހެނަސް މިދެކަންތަކާ އެއްގޮތަކަށް ވެސް ވިސާމު (ޖަނާބު) އެއްބަސް ނުވީއެވެ. ސިފައިން ވަރަށްގިނަ ގޮތްގޮތަށް މަސައްކަތް ކޮށްގެންވެސް ވިސާމު މިއިންކަމަކަށް އެއްބަސްނުވީ ކަމަށް ވިސާމު ބުންޏެވެ.

ވިސާމު މިދުވަސްވަރު ހުރީދީންވެރި ހާލަތަކަށް އައިސް ވަރަށްސާލިހު ވެފައެވެ. ސޫފީއަކަށް ވެފައެވެ. ބަރާބަރަށް ނަމާދުކުރެއެވެ. މީނައަށް މީނާ ނުކުރާކަމަކާ އެއްބަސްވާން ނުކެރިގެން ދީދީގެ ރޭވުންގަނޑު ކާމިޔާބު ވާގޮތް ނުވީއެވެ. މުޅިން ސުމަކަށް ދިޔައީއެވެ. ފެއިލްވީއެވެ. ވިސާމް ބުނާގޮތުގައި މިކަންތަކަށް އެއްބަސްވާން ނުކެރުނީ، އޭނާއަކީ ދުވަހަކުވެސް ޖަވާހިރުވާދީއަށް ވަތްމީހަކަށް ނުވާތީއެވެ.

އަދި ދުވަހަކުވެސް ޑޮކްޓަރ ވަހީދައި އަނގައިންބުނި މީހަކަށް ނުވާތީއެވެ. ﷲ ދެކެގަތް ބިރަކުން، ދޮގުހަދައިގެން ވާހަކަދަށްކަން ނުކެރުނީ ކަމަށް ވިސާމުބުނެދިނެވެ. މިކަމާގުޅިގެން ނާސިރު އަތުން ނެގި ބަޔާން އެއްޗަކަށް ނުވެ ބޭކާރުވީ ވިސާމު އަތުން ބަޔާނެއް ނުހޯދުނީމައެވެ. މިދުވަސްވަރު ދެހެކިންގެ ބަޔާންހޯދައިގެން ސިޔާސީ އެތައްބަޔަކަށް ސިޔާސީގޮތުން ބޮޑެތި ހުކުމްކޮށް، ސިޔާސީ ގޯނާކޮށްފައި އެބަހުއްޓެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި މިއީ، “ޕޮލިޓިކަލް ވައަލެންސް” އެވެ. ސިޔާސީގޮތުން ސިޔާސީ މީހުންނަށް ގޯނާކޮށް، ހޭއަރުވާލުމެވެ. ހަގީގަތުގައި ޓެރަރިޒަމަކީ މިއީއެވެ. ގޯގޯލަތީފަށް ވެސް ހަދާލީ މިހެންނެވެ. ރައްޔިތުންގެ މަޖިލީހުގައި އިންނަވަނިކޮށް ޖަލަށް ލުމަށްފަހު، ދެމީހެއްގެ ހެކިބަސް ނެގުމަށް ފަހު، ހުކުމެއް އިއްވާލާފައި ސިޔާސީގޮތުން ގޯނާކޮށް ހޭއަރުވާލީއެވެ. ދިވަސް ދުއްވާލީއެވެ. އެދުވަސްވަރު މިކަހަލަ ސިޔާސީ ގޯނާތައް ވަރަށްގިނަ ސިޔާސީ ލީޑަރުންނަށް ސަރުކާރުން ރާވައިގެން ދީފައި ވެއެވެ. މިކަމުގައި އިސްކޮށް ހަރަކާތްތެރިވީ މާލެތެރޭގައި އުދުވަސްވަރު އުފެއްދި، ބިންބިފޯހުންނެވެ.

ވާދޫ އަހަންމައިދީގެ މިރޭވުންގަނޑުގެ ސިއްރަކީ، 1990 ވަނަ އަހަރު މާލެތެރޭގައި ބިންބިފޯސް އަޑީގައި އޮވެގެންހިންގި އަލިފާނުގެ ހާދިސާތަކާ ޖަވާހިރުވާދީއާ ގުޅުވާއި ޑޮކްޓަރވަހީދު ބަދުނާމުކޮށް، ބަންދުކުރެވޭނެ ގޮތެއްއީޖާދުކުރުމެވެ. ޑޮކްޓަރ ވަހީދު ޖަލަށް ލުމަށް މަގެއް ކޮށާއި ފަހި ކުރުމެވެ. އެހެނަސް އަހަންމައިދީގެ ރޭވުންގަނޑު، ވިސާމާ ހެދި ކާމިޔާބު ވާގޮތް ނުވީއެވެ. ސުމަކަށްގޮސް، ބޮޅެއްޖެހި ނިމުނީއެވެ. ދީދީ ރާވައިދިންގޮތަށް ނާސިރުގެރޯލް ވަރަށް ފުރިހަމައަށް އަދާކުރިއެވެ.

އަދި ނާސިރުގެ ބަޔާނެއް ސިފައިން މިގޮތަށް ނެގިކަމަށް ވެސް ނާސިރު ބުންޏެވެ. ވިސާމް ތަހުގީގަށް ހާޒިރުކުރި ދުވަހެއްގައި، ނާސިރު ސިފައިންނަށް ދީފައިވާބަޔާން، ވިސާމަށް ދެއްކި ކަމަށް ވެސް ބުނެދިނެވެ. އެހެނަސް އުޅެއުޅެވެސް ވިސާމު އެއްބަސް ނުވުމުން، ނާސިރުގެ ބަޔާން އެއްޗަކަށް ނުވީއެވެ. ހެކިބަހަކަށް ނުފުދުނީއެވެ. އަދި އޭގެ ފަހު ދުވަހެއްގައި ވ.ޅަހުއްތު ކައިރިއަށް ސިފައިންގެއަށް ވިސާމުހާޒިރުކޮށް ޖަވާހިރުވާދީއަށް ވަނިންތޯއާއި ޑޮކްޓަރވަހީދާ ވާހަކަދެއްކިންތޯއާއި ވީޑިޔޯރޯލެއް އަލީއަބްދުއްﷲ ކައިރީގައި އިނދެގެން ބެލިންތޯ ސުވާލުކޮށް ހެދިކަމަށް ވިސާމު އަޅުގަނޑު މެންނަށް ކިޔައިދީފައި ވެއެވެ.

ވ.ޅަހުއްތު މިކަންތައް މިހިންގީ ދެވަނަމީހެއްގެ ހެކިބަސްލިބޭތޯކަން ކަށަވަރެވެ. ވ.ޅަހުއްތު ވަރަށްބޮޑަށް މިސުވާލުތައް ކުރުމުންވެސް ވިސާމު ޖަވާބެއް ނުދިނީއެވެ. އެސުވާލުތަކަށް ފާޅުގައި އިންކާރުކުރީއެވެ. އޭނާ ދުވަހަކުވެސް ޖަވާހިރުވާދީއަށް ނުވަންނަކަމަށް ބުންޏެވެ. އަދި ޑޮކްޓަރވަހީދު ނުދަންނަކަމަށާއި ދުވަހަކުވެސް އަނގައިންބުނި މީހެއްނޫންކަމަށް ވިސާމު ބުނެދިނެވެ.

ވިސާމުގެ އީމާންތެރިކަމާ، ވ.ޅަހުއްތަކަށް ނުކުޅެވުނެވެ. ކުޅެލެވޭގޮތެއް ނުވިއެވެ. ޖެހުނީ މިހާ ހިސާބުން މިކަންތައްގަނޑު ހުއްޓާލައްވާށެވެ. މިއީ މަކަރާހީލަތުން، ވ.ޅަހުއްތުލައްވާ ސިފައިންގެ ވެރިޔާ ކުރުވަން އުޅުއްވި، ނުލަފާ އަނިޔާވެރި ކަމެކެވެ. ރައީސް މައުމޫނު ވެސް ބޭނުންވެލައްވާ ގޮތެވެ. އުޅެއުޅެވެސް ވ.ޅަހުއްތަށް މިކަންނުވީއެވެ. ވިސާމު އަތުން ބަޔާނެއް ނުނެގުނެވެ. ވ.ޅަހުއްތުވީ ފެއިލްއެވެ.

މިހެންމިދެންނެވީ، ފަހުން އިނގުނުގޮތުގައި ވާދޫ އަހަންމައިދީ، ކެމެރާއެއްގެ ތުހުމަތެއްގައި ގާމާދޫޖަލަށް ގެންގޮސްދިނީ އާދަންޒާހިރާއި ކާށިދޫހުސައިން އިބްރާހީމްފުޅަށް ވާތީއެވެ. އޭރު ބިންބިފޯސް ބަލަހައްޓަމުން ގެންދިޔައީ ސީދާ ސިފައިން ގެއިންނެވެ. ދީދީ ހުންނަވާ ގޭގެކުލި ދައްކަމުން ގެންދަނީ ވެސް ޑިފެންސު މިނިސްޓުރީންނެވެ. މިހިރީފަހުން ސާބިތުކުރެވޭނެ ކަންތަކެވެ.

މިލިޔުންތައް އަންދާނުލާ ހުރިއްޔާ ފެންނާނެ ލިޔުންތަކެވެ. ޚާއްސަކޮށް ބިންބިފޯހުގެ އެންމެހާ ކަންތައް ބެލެހެއްޓުމުގެ ބޮޑުމީހަކަށް އެންމެ އިސްކޮށް ހުންނެވީ، ސިފައިންގެ އެއްވެރިޔަކަށް އޭރުހުންނެވި ކާށިދޫ ހުސައިން އިބްރާހީމް ފުޅެވެ. މިހާރުއޭނާ ވަނީ، މިނުބައި ކަންތައްގަނޑާއެކު މިދުނިޔެދޫކޮށް ނިމިގޮސްފައެވެ. ދެމިއޮތުމުގެ އާލަމަށް ދަތުރުކުރައްވާ ފައެވެ. ސިކުނޑިދުޅަވެ މުޅި މީހާ ދުޅަވާގޮތް ވެގެންނެވެ. ﷲ އޭނާގެފާފަތައް ފުއްސަވާއި ސުވަރުގެ ވައްދަވާށިއެވެ! އާމީން!

މިފުރުސަތުގައި ވާދޫ އަހަންމައިދީގެ މިކަމާގުޅޭ އެހެންވާހަކައެއް ދަންނަވާލާ ހިތްވެއެވެ. އަހަންމައިދީ އަކީ އޮފީސްއޮފީހުގައިތިބޭ އަންހެން ކުދިންނާގުޅާއި އެކުދިންގެ އެކިއެކި ބޭނުންތަކަށް އެހީތެރިވެ، އެކުދިންލައްވާ ސިޔާސީ ބޭނުންތައް ހިންގާހެދި މީހެކެވެ. މިގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި އުޅުނު، ހުދާ ކިޔާ އަންހެން ކުއްޖަކާ ގުޅައިގެން ޑޮކްޓަރ ވަހީދުގެ މޭޒުމަތީގައި މަރުގެ އިންޒާރު ދީފައިވާ ސިޓީއެއް ބޭއްވިކަން ފަޅާއެރުމުން އެކަންތައް ސީދާއަޅުގަނޑު ޑިފެންސަށް ހެއްކާއެކު ރިޕޯޓްކުރުމުން ވެސް އެއްވެސް ގޮތަކަށް އަޅާނުލެއްވީއެވެ.

މިހުދާއަކީ، އަތަމާގޭ އިސްމާއީލް އަބްދުއްލަތީފު ފުރަތަމަ ކައިވެނި ބައްލަވައިގެން އުޅުއްވި ހުދާއެވެ. އަދި އޯޑިޓްއޮފީހުގެ ލިޔުންތަކެއްވެސް ދީދީމެން މިގޮތަށް އެއޮފީހުގެ އަންހެން މުވައްޒަފަކާ ގުޅައިގެން ވަގަށް ބޭރުކޮށްފައި ވެއެވެ. އެދުވަސްވަރުގެ އޮޑިޓަރޖެނެރަލް ކުޑަދަހަރާގޭ އަބްދުއްރަޝިދުގެ ސިކުނޑި ހަމައިން ނައްޓާ މަގުމަތީވީ، މިކަންތައްގަނޑާ ގުޅިގެންނެވެ.

އަދިވެސް އެދުވަސްވަރު، އިސްލާހީ ހަރަކާތުގައި މަސައްކަތްކުރެއްވި ގޯގޯލަތީފާއި މޮޑީމެން މީސްމީހުންނަށް މަރުގެއިންޒާރު ދިނުމުގެ ސިޓީތައް ފޮނުވާހެދީ ބިންބިފޯހުގެ މިމީސްމީހުންކަން ވަރަށް ތަފްސީލުކޮށް ހެތްކާއެކު ޑިފެންސަށް ހުށަހެޅުމުން އެކަންތަކަށް ޑިފެންސުން ދެއްވީ ބީރު ކަންފަތެކެވެ. މިޝަކުވާތައް ހިފައިގެން ޑިފެންސަށް ދިޔައީ ސީދާ އަޅުގަނދެވެ. އެހެނަސް އަޅާވެސް ނުލެއްވީއެވެ.

ކުރީޒަމާނުގައި ރަށުތެރެއަށް ބަޔަކު ނެރެގެން މިކަހަލަ ކަންތައް ކާމިޔާބު ކުރެވުނަސް، އަޅުގަނޑު މެންކަހަލަ ކެރޭމީހުން ބޭރުން ކިޔަވައިގެން އައިސް ސިޔާސީ މައިދާނުގައި ކެރިގެން އަމަލީގޮތުން، ހަރަކާތްތެރިވާން ފެށުމުން މިފަދަކަންތައް ބޭޒާރުވެ، ފުރިހަމަ ގޮތުގައި ކާމިޔާބު ކުރެވޭނެ ގޮތްތައް ނުވާންފެށީއެވެ. މިމީހުން ބޭނުންވި ހުރިހާ ކަމެއް، އަދި ހުރިހާގޮތެއް ހަދާނުލެވުނީއެވެ.

ވާދޫދީދީގެ ގެކާރު ވިޒްކޯގަރާޖަށް ދޮންނަން ގެނައިދުވަހެއްގައި ސިޔާސީ މީހުންނަށް މަރުގެއިންޒާރު ދިނުމަށް ލިޔެފައިހުރި ސިޓީތަކެއް ފެނިގެން ސީދާއަޅުގަނޑު އެސިޓީތައް، ޑިފެންސަށް ހުށައެޅީމެވެ. އެކަމަކުވެސް ވީކަމެއް ހަރާމެވެ. އެދުވަސްވަރު ކަންތައް ރޭވިފައިހުރި ގޮތަކީމިއެވެ. ބިންބިފޯހަށް ދެވިފައި ވަނީ ވަރުގަދަބާރެކެވެ. ސިފައިންގެ އެންމެމަތީ ވެރިޔާއާ، މިދެންނެވި ދީދީއާ ސިދާކޮށް ގުޅެއެވެ. އާދައިގެ ސިފައިން ބިންބިފޯހުގެ މި މީސްމީހުންދެކެ ބިރުގަނެއެވެ.

ސަލްޓަންޕާކްގައި ގޮއްވާލެވުނު ގެވެށި ކަޓޫރަބޮމާއި ވީރާނާވެފައިވާ ކޮއިމަލާލޯންޗުގެ ތޮށިގަނޑު ދަށުގައި ގޮށްވާލެވުނު ގެވެށިކަޓޫރަބޮން އީޖާދުކޮށް އެތައްފަހަރަކު ޓެސްޓްކޮށް މިދެ ގެވެށިކަޓޫރަބޮން ވުޖޫދަށް ގެންނަންޖެހުނީ، ބިންބިފޯހުގެ އުނދަގޫތަކާ ހެދިއެވެ. ފާޅުގައި އިސްލާހީ ހަރަކާތަށް ކުރަމުން ގެންދިޔަ ސިޔާސީ ޖެއްސުންތަކައި ހެދިއެވެ. މިފަދަ ގެވެށިކަޓޫރަބޮމެއް އީޖާދުކުރެވުނީ، ބިންބިފޯސް ސިއްސުވާލުމުގެ ބޭނުމުގައެވެ.

ބިންބިފޯސް މާލެތެރެއަށް ނެރެގެން އުޅޭ ސަރުކާރުގެ އިސްފަރާތްތައް ބިރުދަށްކާލުމަށެވެ. ބޭރުދުނިޔެއަށް ރާއްޖޭގައި ކެރިގެން ތިބެ ހަރަކާތްތެރިވާ އިސްލާހީ ހަރަކާތެއް އޮތްކަން ފާޅުގައި ދެއްކުމަށެވެ. ބިންބިފޯހުގެ މީހެއްގެ މުދަލަކަށް، އަދި ކާރެއްފަދަ އެއްޗަކަށް މުދަލަކަށް ގެނއްލުމެއް ނުވާގޮތަށް، ހުސްބިމެއްގައި ބާއްވާފައި ޓައިމަރަށްލާ ގޮއްވާލީ، އެއްވެސް މީހަކަށް، އަދި އެއްވެސް އަމިއްލަ މީހެއްގެތާކަށް ގެންލުމެއް ނުވާގޮތަށް އޭގެއަޑު ފިސާރިއަކަށް އިއްވާލުމަށެވެ.

ބޭރުދުނިޔެއަށް އެއަޑުތައް އިއްވާލުމަށެވެ. މާލެވަޑައިގެންނެވި އިއްޒަތްތެރީންނަށް ރާއްޖޭގައި އުފެދިފައި އޮތް އިސްލާހީ ހަރަކާތުގެ އަޑު އިއްވާލުމަށެވެ. ސިޔާސީގޮތުން ބިންބިފޯހަށާއި ސަރުކާރަށް ސިޔާސީ ބަސްނޭހުމެއް ހަރަކާތުގައި އޮތްކަން ދައްކާލުމަށެވެ. އެއްގޮތަކަށް ވެސް ދަރުބާރުގެއަށް ދެއްލުމެއް ދިނުމަކަށް ނޫނެވެ. ރައްޔިތަކަސް ގެއްލުމެއް ދޭކަށެއް ނޫނެވެ.

2 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 741 ވަނަ ދުވަހެވެ. ގަސްތަކަށް ފެންދިނުމާއި އިރުވާހުދަށާއި ތޭރަވާއަށް ކާންދިނުން ގަވައިދުން އަޅުގަނޑު ގެންދަމެވެ. ގަސްތައްވަރަށް ރީތިކޮށް ބޮޑެތިވެ މާފޮޅެން ފަށައިފިއެވެ. ވަރަށްއަވަހަށް ފޯދި ކުދިފަޅޯތައް ފެންނާނެއެވެ. އަދި ޅަމިރުސް އަންނަން ފަށާނެހެންހީވެއެވެ. ކުޅޭށާއިމޫދަށް ނެރުނެވެ.

3 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 742 ވަނަ ދުވަހެވެ. އިއްޔެނޫން އަނެއްދުވަހު ފެށުނު އާއަހަރާ ގުޅިގެން މިއަދު އަޅުގަނޑުގެ ބޯކޮށާލާއި މަތިމަސް ކޮށާލައި ރީތިކޮށްލީމެވެ. މިކަންކޮށްދިނީ އަބަދުވެސް ޖަލުގައި އަޅުގަނޑުގެ ބޯކޮށައިދޭ ވާއްޕެއެވެ. ލޯގަނޑުން ހުރިގޮތް ބަލާލުމަށްފަހު، ހިތަށްއެރީ ތުނބުޅިއެއްކޮށް ބާލާށެވެ. ވާއްޕެކައިރީގައި ބުނުމުން ތުނބުޅި ދުއްވާލަދީފިއެވެ. ހަމައެކަނި މަތިމަހާއެއްކޮށް ދުވަސްކޮޅަކު ހުންނަގޮތަށެވެ. ވާގޮތް ބަލާލުމަށެވެ.

މިއަދު މަންމައަށް ގެއަށް ސިޓީއެއް ލިޔުނީމެވެ. ޝަންމި މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އަންނި ހައިކޯޓަށް ގެންދިއުމަށް މާލެއަށް ގެންދިޔައެވެ. ހައިކޯޓުގެ ޝަރީއަތުގައި އަންނިގެ ދިފާއުގައި ވަރަށް ވާހަކަދެއްކެވި ކަމަށް އަޅުގަނޑު މެންނަށް ބުނެދިނެވެ. އަންނިއާއި ދައުލަތުގެ ވަކީލު، ފަނޑިޔާރުގެ ކުރިމަތީގައި ހަމަހަމަކޮށް ދިނުމަށް ގޮވާލައްވައި ފަނޑިޔާރުގެ އަރިހުން އަންނި އެދުނެވެ.

އަދި އަންނި ޖަލުގައި ބަންދުގައި ބަހައްޓައިގެން، ވަކީލު މިނިވަންކޮށް ހުންނަވައިގެން ހެކިތައް ހޯއްދަވައިގެން ގެންނަވާއިރު ހަމަހަމަވާނީ ކިހިނެތްތޯކަމަށް ދެންނެވިއެވެ. ދެފަރާތުން ހެކިހޯދުމުގައި އެއްވަރުނުވާ ހާލަތެއްގައި ހެޔޮމަގުން ޝަރީއަތް ގެންދެވޭނީ ކިހިނަކުންތޯ ފަނޑިޔާރާ، އަންނި ސުވާލުކުރެއްވިއެވެ. ޝަރީއަތް ނިމެންދެން، އަންނި މިނިވަންކުރުން ނުވަތަ ޝަރީއަތް ނިމެންދެން ދައުލަތުން ދައުވާ އުފުލާ އެޓަރނީވެސް، ބަންދުތަނެއްގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރުކޮށް ދެއްވަންވާނެކަމަށް އަންނި ހައިކޯޓުގައި އަޑުއުފުއްލެވި ކަމަށް ބުނެދިނެވެ.

ދެމީހުން އެއްހަމަކޮށް ގެންނޫނީ ޝަރީއަތްކުރިޔަށް ނުގެންދެވޭނެ ކަމަށް އަންނި ހައިކޯޓުގެ ޝަރީއަތުގައި މިއަދު އަޑުއުފުއްލެވިއެވެ. ދެން އަންނި ހައިކޯޓަށް ގެންދާނީ އަންނަ ބުދަ ދުވަހުކަމަށް އަންނިއަށް އެންގިއެވެ. އަދި މާދަމާ، ވިންޓަރުޝަރީފް ހައިކޯޓަށް ގެންނާނެކަން އަންނިއަށް ހައިކޯޓު ތެރެއިން ޚަބަރުލިބުނު ކަމަށް ބުންޏެވެ. އަޅުގަނޑު މެން ތެރެއިން މައްސަލަ ހައިކޯޓަށް ވެއްދީ އަންނިއާއި ވިންޓަރު އެކަންޏެވެ.

4 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 743 ވަނަ ދުވަހެވެ. މާލެގެންދިޔައީ ޝަންމި އެކަންޏެވެ. މިއަދު އަންނިގެ ބޮޑުބޭބެ އަބްޖީއާ ބައްދަލުކުރުން އޮތެވެ. ގާމާދޫ ޖަލުއޮފީހުގައެވެ. މިއަދު ރަސްމީކޮށް މޫދުން ދިރޭމަސް ހިފުން ޕްރޮސަންސުން މަނާކުރިކަން ފޮތެއްގައިލިޔެ އަޅުގަނޑުމެން ލައްވާސޮއި ކުރުވިއެވެ. މިފަހަރު މަނާމިކުރީ، ޕްރިސަންސުންނެވެ. އަދި ފޮތެއްގައި ލިޔެސޮއި ކުރުވައިގެންނެވެ.

ކުރިންމިކަން މަނާކޮށްފައިވަނީ ސިފައިންގެ ފަރާތުންނެވެ. ފޮތެއްގައިލިޔެ އެންގުމަކާނުލައެވެ. އަޅުގަނޑަށް ހީވާގޮތުގައި ކޮންމެސިފައަކަށް މިކަންމަނާ ކުރިއަސް މޫދަށްނެރެންޏާ، މިކަންހިނގާނެއެވެ. މިފާޑަށް އަންގައިގެން މިއީމަނާކުރެވޭނެ ކަމެއްހެނެއް ހިއެއްނުވެއެވެ. މޫދުން، މަސް ގެނެސްގެން ކައްކާހަދާވާހަކަ ރިޕޯޓްކުރާ ގައިދީން އަޅުގަނޑު މެންގެތެރޭގައި އުޅެނީއެވެ.

އިސްތަފާމެން ބައެއްކުދިން ހައްލާލައިގެން މިފާޑުގެ ކަންތައް ކުރުވަނީއެވެ. ޝަންމި މެންލައްވާ ވެސް ނުބައިކަންތައް ކުރުވާހެން އަބަދުވެސް އަޅުގަނޑަށް ހީވެއެވެ. ކޮންމެވެސް ބަޔަކަށް ފައިދާއެޅޭގޮތަށް ޑްރަގުގެ ކަންތައް ހިންގަނީބާވައޭ ވެސް ހިތަށްއަރާ ފަހަރު އާދެއެވެ. އެޝައްކު އެހާބޮޑަށް ކުރެވޭތަން އާދެއެވެ. ޖަލުތެރޭގައި ޑްރަގްވިއްކުން ފަދަ ނުބައިކަންތައް ޝަންމިމެން ކޮށްއުޅެނީ ކޮންބައެއްގެ ތާއީދާއެކުގައި ކަމެއް ނޭނގެއެވެ. އޮޅުމެއް ނުފިލައެވެ.

އެހެނަސް ޝަންމި ކޮންމެދުވަހަކު މާލެދިއުމާއި ބައެއްމީހުންނާ ވަރަށްގާތް ގުޅުންއޮންނާތީ ޑްރަގު ފަދަ ގޯސްކަންތައް ކޮށްއުޅޭކަމުގެ ޝައްކު އަޅުގަނޑުމެންނަށް ފަހަކަށް އައިސްކުރެވެއެވެ. ޖަލުތެރޭގައި މުފިއްޓެމެން ޑްރަގުގެންގުޅޭކަމީ ޝައްކެއް ވަސްވާހެއް ނެތްހާ ތެދުވާހަކައެކެވެ. ހަގީގަތެކެވެ. މުފިއްޓެ އަޅުގަނޑަށް ދައްކާވެސް ހަދައެވެ.

5 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 744 ވަނަ ދުވަހެވެ. އަންނިއަށާއި އަޅުގަނޑަށް މިއަދު ޕެން އިންގްލިޝް އިން، ޗާޕްކޮށް ޝާއިއުކޮށްފައިވާ ވާހަކަފޮތެއް ޖަލުއޮފީހުން ގެނެސްދިނެވެ. މިފޮތްތައް ފޮނުވާފައިވަނީ ޕޯސްޓުންނެވެ. މިއީ އިގިރޭސިވިލާތުގައި ހަރަކާތްތެރިވާ ބައިނަލްއަގްވާމީ ލިޔުންތެރިންގެ ޖަމްއިއްޔާ އެކެވެ. މިއީ ދެއިންޗިއެއްހާބޯ ފޮތެކެވެ. މިއީ ފުލޯކްވާހަކައެއް ނޫނެވެ. ބަޔަކުކޮށްފައިވާ ބުރަމަސައްކަތެއް ކުރިގޮތުގެ ވާހަކަ ދުވަހުން ދުވަހަށް ލިޔެފައިވާ ފޮތެކެވެ.

ޖަލުގައި ތިބޭއިރު އެންމެކިޔާހިތްވާ ފާޑުގެ ވާހަކައެކެވެ. މިފޮތްފޮނުވި ފަރާތުގެ އެޑްރެސްއޮތީ މިގޮތަށެވެ. ފޮތްފޮނުވި މީހެއްގެ ނަމަކަށްއޮތީ، ޕޯލީން ނެވީލް އެވެ. އެޑްރެހެކަށް އޮތީމިހެންނެވެ. ހަތެއް ޑިލްކްސްޓްރީޓް ޗެލްސިއާ ލަންޑަން މިހެންނެވެ. ފޯނުނަންބަރަކަށް ލިޔެފައި އޮތީ، 07 352 6303 ކެވެ. މިފޮތް އަޅުގަނޑު ކިޔާލުމަށް ފަހު، އެހެންގައިދީން ކިޔުމަށް ދިނީމެވެ. އަންނިއަށް ވެސް މިގޮތަށް ފޮތްތައް ލިބުނެވެ. އަންނިއަށް ލިބިލައްވާ ފޮތްތައް އަޅުގަނޑު ކިޔުމަށް އަބަދުވެސް ދެއްވައެވެ.

މިގޮތުން އަންނި ހަދިޔާކުރި ބައެއްފޮތްތައް އަޅުގަނޑު އަތުގައި މިހާރުވެސް ހުންނާނެއެވެ. އަދި މިދުވަސްކޮޅު އަންނި ގެންގުޅުއްވާ ދިވެހިތާރީޚީފޮތްތައް އަޅުގަނޑު ކިޔުމަށްދެއްވާ ހައްދަވައެވެ. އެއްފޮތް ނިންމާލާއިރަށް އަނެއްފޮތް ދެއްވާނެއެވެ. އަންނިއާހެދި ފޮތްކިޔުމުން ސަލާމަތް ވާގޮތެއް ނުވެއެވެ. މުހަންމަދު އަމީން ލިޔުއްވާފައިހުރި ތާރީޚީފޮތްތައް ގަވައިދުން ކިޔަންޖެހެއެވެ. އަދި އިސްމާއީލް ދީދީގެ މޮޓަރުބޯޓުގެ ގަޑުބަޑުފަދަ ފޮތްތައް ފުރަތަމަ ފަހަރަށް އަޅުގަނޑު ކިޔާލަން ލިބުނީ މިބުރުގައި ޖަލުގައި ހުރެގެންނެވެ. އަންނި އަތުންނެވެ. މީގެ ތެރެއިން ބައެއްފޮތްތައް އަޅުގަނޑު ދެތިންފަހަރުވެސް ކިޔަމެވެ.

6 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 745 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިން ހޮސްޕިޓަލަށް ގެންދިޔައެވެ. އަންނި ހައިކޯޓަށް ގެންދިޔައެވެ. ޝަރީއަތް ބޭއްވިއެވެ. މިއަދުއޮތީ އަންނިގެ ފަރާތުން މައްސަލަ ހުށަހެޅުމުގެ ގޮތުންވާހަކަ ދެއްކުންކަމަށް އަންނި ބުންޏެވެ.

7 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 746 ވަނަ ދުވަހެވެ. މިއަދު އަންނިގެ ބައްޕަ ކުއްލި ގޮތަކަށް އަންނިއާ ބައްދަލު ކުރެއްވިއެވެ. ހައިކޯޓުގެ ކަމެއްގައިކަން އެނގުނެވެ. އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ދޮންދައްތައާއި ވިދާދާއި ފިދާގެ ކާޑުތަކެއް ޕޯސްޓުން ލިބުނެވެ. މިތަކެތި އަޅުގަނޑާ ހަމައަށް ޖަލަށް ގެނެސްދީފައިވަނީ ޕްރިސަންސުންނެވެ. އިސްތަފާ ކަނޑާ ބެއްލެވުމަށް ފަހު އޭގައި އެކަން ކުރެއްވިކަމަށް ސޮއިކުރައްވާފައި އޮތެވެ. ފޮނުވި އެޑްރެހަކަށް އޮތީ، ޓެންޒާނިޔާ ދާރުއްސަލާމެވެ. އެމީހުން ތިބެނީ، ޓެންޒާނިޔާގައެވެ. އެއީ ރައީސް ޖޫލިޔަސް ނުމޭރީގެރަށެވެ.

8 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 747 ވަނަ ދުވަހެވެ. މިރޭކުއްލިގޮތަކަށް ޖަލުއޮފީހުން އައިސް، ޝަންމި މިބައިން ނެރެގެން ގެންގޮސް ކުރިންވެސް އޭނާހުރިގޮޅިއަށް ބޭރަށް ނެރެފިއެވެ. މިވީނުވީއެއް އެއްގޮތަކަށް ވެސް ނޭނގުނެވެ. މާގިނައިން މާލެދިއުމުގެ ތެރޭގައި ނަހަމަކަމެއް ހިންގީކަމަށް ލަފާކުރެވެއެވެ. މީނާއަކީ ޑްރަގުގެ ގޮލައެކެވެ. މާކަރީ އިއްބެއަކީ ވެސް މީގެމީހެކެވެ. އޭރުޖަލުގައި އޮންނަނީ މިފަދަކަންކަން ރަނގަޅުކުރުމެއް ނޫނެވެ. އޭގެންފައިދާ ނެގުމާއި ބައިއެޅުމެވެ.

އަދި ރަނގަޅަށް ތިބޭމީހުންވެސް އޭގެތެރޭގައި ޝާމިލްކޮށް ބައްދާލުމެވެ. ނުވަތަ އެވިޔަފާރި ފުޅާކުރުމުގެ ސިޔާސަތެކެވެ. މިކަހަލަ ކަންކަމުގެ އަވާގައި އިތުރުމީހުން ވެސް ޖައްސުވައި އެމީހުންނާމެދު ފިޔަވަޅުއަޅައި ގިނަމީހުން ތާށި ކުރުމެވެ. ގިނަމީހުން ބަންދުގައި ބައިތިއްބައިގެން މިކަންތައް ވަށާޖެހި ދިގުދެމޭގޮތަށް ރާވައިދީގެން ހިންގުމެވެ. މިވީގޮތުން މިބައިން ދެމީހުން މަދުވީއެވެ. 9 ނަންބަރު ކޮޓަރިން އެއްޖާގަ ހުސްވީއެވެ.

ޖަލުގައި ގެންގުޅުނު އިރުވާހުދު ގެއްލުމުގެ ހިތާމައިގެ ވާހަކަ:

މިއަދު ހެދުނު ވަގުތެއްގައި އަޅުގަނޑު ބަލަންހުއްޓައި އަންނި އޮޅުކޮށްގެން ގެންގުޅުއްވާ، އިރުވާހުދު އުދުއްސައިގެން ބޭރަށްދިޔަ ގޮތަށްނައެވެ. ނިދީއޭތި ނިދާތަނުގައި އިނދެގެންނެވެ. ފަތިހުފެނުނެވެ. އަޅުގަނޑާއެކު އިރުކޮޅަކު އުޅުނެވެ. ދެން އެނބުރި ނައިސް ގިނައިރުވެގެން، އަޅުގަނޑުމެން އެންމެން ޖަލުއޮފީހަށް އަންގައިގެން ފެނޭތޯބެލީމެވެ. އެހެނަސް މިއަދު އިރުވާހުދުގެ ހިލަމެއްނުވިއެވެ. ގިލަމެއް ނުވިއެވެ. އެނބުރި އަންނަގޮތެއް ނުވިއެވެ.

ކޮންމެދުވަހަކު ހެދުނު، އިރުވާހުދުލާފައި ހުންނަސީތައް ދޮވެހަދަނީ އަޅުގަނޑެވެ. އަދި ހެދުނުކާންދެނީ ވެސް އަޅުގަނޑެވެ. ފަތިސްނަމާދަށް ފަހު އަޅުގަނޑަކީ ނިދާމީހެއްނޫނެވެ. އެހެންގައިދީން ހޭލާއިރަށް މިހުރިހާކަމެއް އަޅުގަނޑު ހުންނާނީކޮށް ނިންމާފައެވެ. މިއިރުވާހުދަކީ ގަސްއިންދާބައިގަޔާއި ބޭރުގައި އުޅުމަށްފަހު އެނބުރި އަޅުގަނޑުމެން ތިބޭބަޔަށް އަންނައެއްޗެކެވެ. ވަރަށްއޮޅު އެއްޗެކެވެ. ލަފާކުރެވެނީ ސިފައިންގެ މީހަކު ނުވަތަ އެހެންފަރާތެއްގެ އަތްދަށުވީ ކަމަށެވެ.

މީހަކު އޭތި ހިފާ ފިޔަކޮށާލީ ކަމަށް ބެލެވެއެވެ. އެހެން ނޫންނަމަ އެހެން ދުވަސްތަކުގައި ބޭރުގައި އުޅެފައި އެނބުރިއަންނަހެން މިއަދުވެސް މިތަނަށް އައިހެވެ. މިކަމާއެންމެ ހިތާމަކުރީ އަންނިއެވެ. އަޅުގަނޑުގެ ވެސް ވަރަށް ގާތްއެކުވެރިއެއް ގެންލުނީކަމުގެ އިހްސާސްތައް ކުރެވުނެވެ. ކޮންމެދުވަހެއްގެ ހެދުނުހޭދަކުރާނީ އަޅުގަނޑާ އެކުގައެވެ. ދެފައިގައި އިށީދެހަދާ މެހިމަދިރި އެސޮރުގެ ތޫނުތުބުން އަޅުގަނޑަށް ތަދުނުވާގޮތަށް ކާލާހަދައެވެ. އަޅުގަނޑުގެ އަތުން، އަޅުގަނޑު ކާބޮއިއުޅޭ ހުރިހާއެއްޗެއް ވެސް ކާނެއެވެ.

ހަމަ ގައިމުވެސް މިގެއްލުނީ އަޅުގަނޑު މެންގެ ވަރަށްގާތް އެކުވެރިއެކެވެ. ޚާއްސަކޮށް އަޅުގަނޑުގެ ހެދުނުގެ ބައިވެރިއާއެވެ. މިއިރުވާހުދު ކޮށްދޭކަންތައް ކޮށްދެވޭނެ އެހެންފަރާތެއް ހަމަގައިމުވެސް އަޅުގަނޑަކަށް ނުހުންނާނެކަން ކަށަވަރެވެ. އޭތީގެފަރާތުން ލިބޭހިތްހަމަޖެހުމާއި އުފަލަކީ އެހެންގޮތަކުން ހޯދޭނެކަމެއް ނޫނެވެ. ޖަލުއޮފީހުން ނަސީމު ބުނުއްވީ، މީތިފެނޭތޯ ވަރަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އޭނާވެސް މިކަމާދެރަވާހެން އޭނާގެ ބަސްތަކުންނާއި އަމަލުން ހީވެއެވެ. ފެނިއްޖެނަމަ ކިތަންމެހާވެސް ރަނގަޅެވެ.

9 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 748 ވަނަ ދުވަހެވެ. ޖަލުއޮފީހުގެ ނަސީމާގުޅައިގެން އިރުވާހުދު ފެނޭތޯ ވަރަށް މަސައްކަތް ކުރެވުނެވެ. އެހެނަސް މިއަދުވެސް އެއްވެސް ހިލަމެއްނުވިއެވެ. ވެގެންދިޔައީ ހިތާމަވެރި ދުވަހަކަށެވެ.

10 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 749 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު ޖަލުއޮފީހުން ގެނެސްދިން ސިޓީއެއް ކަނޑާލުމުން ވަރަށް އުފާވެރި ޚަބަރެއް ލިބުނެވެ.

އަޅުގަނޑު، އިނގިރޭސިވާލުގެ ޕެންއިންޓަރ ނޭޝަނަލުން، އެޖަމްއިއްޔާގެ ހޮނަރަރީ މެންބަރަކަށް ހެދުމުގެވާހަކަ:

މިސިޓީއުރަ ތެރޭގައިއޮތީ އިގިރޭސިވިލާތުގެ ޕެން އިންޓަރނޭޝަނަލް ކަމުގައިވާ ދުނިޔޭގެ ލިޔުންތެރިންގެ ޖަމްއިއްޔާއިން އަޅުގަނޑަށް އެޑްރެސްކޮށް އިގިރޭސިވިލާތުގެ ސްޓޭމްޕްޖަހާފައި ފޮނުވާފައިވާ ސިޓީއުރައެކެވެ. މިއުރައިގެ ބޭރުގައި އިސްތަފާ ސޮއިކުރައްވައި ކަނޑާބަލާފައި ކަމަށް ލިޔުއްވާފައި އޮތެވެ. މިއުރަތެރޭގައިއޮތީ، އިންގްލިޝްޕެން ސެންޓަރުން، އެމީހުންގެ ހޮނަރަރީ މެންބަރެއްގެ ގޮތުގައި އަޅުގަނޑު ހަމަޖައްސައި އެކަންހަމަޖެއްސި ކަމުގެކާޑެވެ. މިއީ އައިޑިކާޑު ސައިޒުގެ ކާޑެކެވެ.

ޕެން އިން ފޮނިވި ކާޑު

އެޖަމައިއްޔާގެ ޝަރަފްވެރިންގެ ތެރޭގައި އަޅުގަނޑު ހިމެނިއްޖެކަން އަންގައިދޭ ރަސްމީލިޔުމެވެ. މިކާޑާއެކު ތަންކޮޅެއްބޮޑު ސައިޒުގެ ތަހުނިޔާކާޑެއް ވެސް އެއުރަތެރޭގައި އޮތެވެ. މިއީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެކެވެ. މިކާޑުމިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. ސްކޭންކޮށްފައި އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކް އެކައުންޓުން ފެންނާނެގޮތް އަޅުގަނޑު ހަދާނަމެވެ. މިއަދަކީ، ވަރަށް އުފާވެރި ދުވަހެކެވެ.

ސިޓީއުރަ ބޭރު

ސިޓީއުރަ ބިއްދަށް ފުށް

ުކާޑުގެ ބޭރުފުށް

ދުނިޔޭގެ ތަންކޮޅުތަކުން ބަޔަކުމީހުން އަޅުގަނޑުމެން ހަދާން ކުރަމުން ގެންދާތީއެވެ. ޖަލުގެ އަނދިރީގައި ތިއްބަސް ދުނިޔޭގެ ތަންކޮޅުތަކުގައި އަޅުގަނޑުމެން ހަދާންކުރަމުން ގެންދާތީ، ވަރަށް ހިތްހަމަޖެހި އުންމީދުތައް ތާޒާވެ އާލާވެގެން ދެއެވެ. މިއަދު ހަމަމިގޮތަށް އަންނިއަށް ވެސް މިކާޑުލިބުނެވެ. އަޅުގަނޑުމެން ދެމީހުންނަށް މިއަދަކީ އުފާވެރި ދުވަހެކެވެ. އަންނިއާއި އަޅުގަނޑާ ދެމީހުންނަކީ އެޖަމްއިއްޔާއިން ބަލައިގަނެފައިވާ ދެލިޔުންތެރިން ގޮތުގައި ހަމަޖެހުނީއެވެ.

އަދި މިއަދު ޕްރިސަންސުން ލިބުނުސިޓީއެއްގައި ބޭންކުން ހިއްސާގަތުމަށް އެދިފޮނުވިސިޓީ ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވައިދިންކަމަށް ޖަވާބުދެއްވާފައި އޮތެވެ. ވިމީގޮތުން ބޭންކުން ހިއްސާގަނެވޭނެ ކަމުގެ އުންމީދު ވެސް އާލާވެގެން ދިޔައެވެ. މިއީވެސް އިތުރުއުފަލެކެވެ. މިއަދު ނިމުއިރު ވެސް ގެއްލުނު އެކުވެރިޔާ، އިރުވާހުދުގެ އެއްވެސް ޚަބަރެއްނުވެއެވެ.

ވަރަށްގިނައިން މީތިފެނޭތޯ މަސައްކަތް ކުރެވިއްޖެއެވެ. އޮފީހުގައި ކޮންމެދުވަހަކު މިކަމާސުވާލު ކުރަމެވެ. އަދި ފެންނަކޮންމެ މީހެއްގެ ގާތުގައި އިރުވާހުދެއް ފެނުނުތޯ އަހާހަދަމެވެ. ކޮންމެދުވަހަކު ކާންގެންނަ މީހުންނާ ވެސް މިސުވާލު ކުރަމެވެ. ގެއްލުނު އެކުވެރިޔާގެ ޚަބަރެއް ވޭތޯއެވެ. އެދިއެދި ވެސް އިރުވާހުދު ހޯދަން ބޭރަށް ނެރޭކަށް ހުއްދައެއް ނުލިބެއެވެ. ޖެހެނީ އެމީހުން ބުނާ އެއްޗެއް ގަބޫލުކޮށް ގެން ތިބޭށޭވެ.

11 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 750 ވަނަ ދުވަހެވެ. ކުޅޭށާއިމޫދަށް ނެރުނެވެ. ޖަލުއޮފީހުން ލިބުނުޚަބަރެއް ބުނާގޮތުން، މިރޭ އިސްތަފާ މާލެދުރުވާނެއެވެ. މިފަހަރު ޑާކާބަންގްލަދޭޝްގައި އޮންނަ ސާކްސަމިޓް ނުބޭއްވުމުގެ ސަބަބުންނެވެ. އެވަފުދު އެނބުރި މިރޭމާލެ އަންނަނީއެވެ. ރާއްޖޭގެ ވަފުދުގައި އިސްތަފާ ވެސް މިފަހަރުހިމެނި ވަޑައިގަތީއެވެ.

ޑާކާގައި މިސަމިޓްބޭއްވުމަށް ތާރީޚެއްހަމަ ޖެހުނީވެސް، ދެފަހަރަކަށް އެތާރީޚު ބަދަލު ވުމަށްފަހުގައެވެ. ހަމަޖެހުނީ މިމަހު، 13،12 ގައި ބާއްވާށެވެ. އެހެނަސް އަނެއްކާ ވެސް ލަސްވީއެވެ. ދިވެހިވަފުދާއި އެހެން ވަފުދުތަކަށް ވެސްޖެހުނީ އެނބުރި އެބައެއްގެ ގައުމަށްދާށެވެ. ހަމަޖެހުނީ ސާކްބައްދަލުވުން ބާއްވާނެތާރީޚެއް ފަހުން ހަމަޖައްސައި އަންގާގޮތަށެވެ.

12 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 751 ވަނަ ދުވަހެވެ. މިއަދު، 6 ނަންބަރު ކޮޓަރީގައި ހުރި މިފީދު (މުފިއްޓޭ) ބޭރުގައި މަސައްކަތު ނުކުމެ އުޅުމުގެ ތެރޭގައި އޭނަޔާއެކު މަސައްކަތުގައި އުޅުނު މީހެއްގައިގާ ތަޅައިގަނެ، އެމީހާގެބޯ ފަޅާލުމުން، ބަންދުގޮޅިތަކުން ގޮޅިއަކަށް އޭނާނެރެގެން ގެންގޮސް ވެއްދިއެވެ. އަދި މުފިއްޓޭގެ ހުރިހާސާމާނެއް ވެސް މިބައިން ނެރެގެން އޮފީހަށް ގެންދިޔައެވެ. މިހާރު މިބައިގައި ތިންޖާގަ ހުސްވީއެވެ.

13 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 752 ވަނަ ދުވަހެވެ. މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އިސްތަފާއާއި އޮނަރަބްލް އުމަރުޒާހިރާއި ގަސް އިބްރާހީމް މަނިކާއި ޖަލުއޮފީހުގެ ނަސީމާއި ސިފައިންގެ ތެރެއިން، އާދިލްނައީމާއި ނާސިހު ކިޔާބޭފުޅަކު، މިބަޔަށް ވެންނެވިއެވެ. މިބޭފުޅުން މުޅިޖަލުއެއްކޮށް ބެއްލެވިކަމަށް ވެއެވެ. އެންމެފަހުން ވެންނެވީ މިބަޔަށެވެ. ގައިދީންގެ ހާލުއަހުވާލު އައްސަވާ ހެއްދެވިއެވެ. ވަކިޚާއްސަކަމެއް ނެތެވެ. މިބޭފުޅުން، އަސުރުނަމާދު ކުރެއްވީ އަޅުގަނޑުމެންނާއެކު ޖަލުމިސްކިތުގައެވެ.

އިމާމަކަށް އިސްވެހުންނެވީ ގައިދީއެއް ކަމުގައިވާ، އަބްދުﷲ ހުސައިނެވެ. އަޅުގަނޑުމެންގެ އިމާމަކީ، އަބްދުﷲ ހުސައިން މިބަޔަށް އައިފަހުން އަބްދުﷲ އެވެ. އަބަދުވެސް ބަންގިގޮވާ މިސްކިތުގެ ހުރިހާކަމެއް ކުރާނީ އަބްދުﷲ ހުސައިނެވެ. ނަމާދަށްފަހު، އިސްތަފާ އަޅުގަނޑު ގާތަށްވަޑައިގެން ވިދާޅުވީ، ބޭންކުން ހިއްސާގަތުމަށް ބޭނުންވާފޯމްތައް ޕްރިސަންސަށް ލިބިފައި އެބަހުރިކަމަށެވެ. ވަރަށް އަވަހަށް އިލްޔާސަށް ފޮނުވައި ދޭނެކަމަށް އިސްތަފާ ވިދާޅުވިއެވެ. އެއަށްފަހު މިބޭފުޅުން ފުރުއްވުމަށް، ސަލާމްކުރުމަށްފަހު ވަޑައިގެންނެވީއެވެ. ގާތް ގުޅުމެއް ބާއްވައެވެ.

14 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 753 ވަނަ ދުވަހެވެ. މިއަދު މާކަރީ އިއްބެއާއި ނާސިރުއާ ދެމީހުންނާ ބައްދަލުކުރުމަށް އެދެގެއިން މީހުންއައެވެ. ވަކިޚާއްސަ ޚަބަރެއްނެތެވެ.

15 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 754 ވަނަ ދުވަހެވެ. މިބައިގައި ތިބޭގައިދީންނާއި މިބައިން ބޭރުގައި ހުންނަ ގޮޅިތަކުގައި ތިބޭގައިދީންގެ ތެރެއިން ކުޅުމަށް ހުއްދަ އޮންނަ މީހުންނާއެކު މިއަދުވޮލީ މެޗެއް ކުޅުން ބޭއްވީމެވެ. ދެސެޓްއެއްސެޓުން މޮޅުވީ އަޅުގަނޑުމެން ޓީމެވެ. މިމެޗްތެރޭގައި އަންނިގެ ކަކުލަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ.

16 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 755 ވަނަ ދުވަހެވެ. މިއަދު އަންނިގެއިން އަންނިއަށް ވަރަށްގިނަ ސާމާނުލިބުނެވެ. ބައްދަލުކުރާކަށް މީހަކުނާދެއެވެ. އެކުވެރިކަމުގެ ކުޑަޕާޓީއެއް މިރޭ، އަންނި އިސްކޮށް ހުރެގެން ބޭއްވުނެވެ. ކާނެ ސާމާނު ހުރުމުން މަޖާކޮށްލުމުގެ ގޮތުން ކޮށްލިކަމެކެވެ.

17 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 756 ވަނަ ދުވަހެވެ. މިއަދު މިއުޅެން ޖެހެނީ ކޮލުންދަތަކަށް ވަރަށްތަދު ވާތީއެވެ. އަންނިވެސް އުޅެނީކަކުލަށް ތަދުވާތީއެވެ. މިއަދު ހޮސްޕިޓަލަށް އެކްސްރޭއެއް ނެގުމަށް އަންނި ގެންދިޔައެވެ. އަދި ވާއްޕެވެސް ހޮސްޕިޓަލަށް އަންނިއާއެކު ގެންދިޔައެވެ. އަޅުގަނޑަށް ދެވޭގޮތެއް ނުވިއެވެ. ހުއްދަ ނުލިބުނީއެވެ. ރޭގަނޑުވީފަހުން އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސްއިން ހިއްސާގަތުމަށް ހުށަހަޅާފޯމް ލިބުނެވެ. އަދި ގެއިންފޮނުވި ހަވީރުގެ ނޫސްބޮނޑިއެއް ލިބުނެވެ.

18 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައު ހުންނަތާ، 757 ވަނަ ދުވަހެވެ. ބޭންކުގެ ހިއްސާގަންނަން ފުރަންޖެހޭ ފޯމްފުރުމަށްފަހު، މިއަދު ސިޓީއަކާއެކު ބޭންކަށް ފޮނުވައި ދިނުން އެދި ޕްރިސަންސަށް ފޮނުވުމަށް ޖަލުއޮފީހާ ހަވާލުކުރީމެވެ. އަޅުގަނޑުފުރި ފޯމުގެނަންބަރަކީ، 001344 އެވެ. 10 ހިއްސާ ގަތުމަށް، 3000 ރުފިޔާ އަޅުގަނޑުގެ އެކައުންޓުން އުނިކޮށް ގަނާގޮތަށެވެ.

މިއަދު އަންނި އޭނައާ ތިމާގެ ބޭފުޅެއް ކަމުގައިވާ، ޖީދުއާ ބައްދަލުކުރިއެވެ. އަދި ވިސާމާއި ނާސިރު ކޯޓަށްގެންދިޔައެވެ. އަދިވެސް ގެއްލުނު އިރުވާހުދުގެ އެއްވެސް ޚަބަރެއް ނުވެއެވެ. މީހެއްގެ އަތްދަށުވެ، ނިމުނީކަމަށް އަޅުގަނޑުމެން މިއަދު ނިންމައިފީމެވެ. އަދި އިތުރަށް ހޯދަން ކުރާމަސައްކަތް ހުއްޓާލީއެވެ. ރާކުރިރުކުން މިހާރު ކުރުބާބޯން ލިބެއެވެ. ރާފޮދެއް ނުލިބުނުތާ ކުރުބާލިބޭތީ ވަރަށްރަނގަޅެވެ. ހަރުބަނދެފައި ހުރީމާ ބޭނުންއިރެއްގައި ކުރުނބާ އަޅައިގެން ބޭނުންކުރެވެއެވެ.

މިއުޅެވެނީ ވަރަށްމަޖާ ދިރިއުޅުމެއް ގައެވެ. ބޭނުންވީމާ މަހާއިކާށި ކާންވީއެވެ. ބޭނުންވީމާ ކުރުނބާ ބޯންވީއެވެ. ފިނިފެން އަންނި ކޮޓަރިން ބޯލަން ލިބެއެވެ. ހޫނުފެން ހަންދު ކޮޓަރިން ބޭނުން އިރަކު ލިބެއެވެ. ކޮފީއަދިސައި ބޭނުންއިރަކު ބޯންވީއެވެ. ގަސްތަކުން ފަޅޯލިބެންފެށުމުން ބޭނުންއިރަކު ފަޅޯވެސް ކާންލިބޭނެއެވެ. ބޭނުންއިރަކު ވައިތެރޭގައި ގަސްތަކުތެރޭގައި ފޮތްކިޔަން އިންނަން ވީއެވެ. އަޅާލާނެ އެއްޗެއް ބުނާނެ މީހަކު ނުހުރެއެވެ. ލިޔާނެއެއްޗެއް ލިޔަންބޭނުންތާކު އިނދެވެއެވެ. އަޅާލާނެ މީހަކުނުހުރެއެވެ. މިއީ ދިރިއުޅުމުގެ މުޅިން އާވަށްތަރެއްގެ ވެއްޓެކެވެ. މިހާރުމިތިބީ މިވެއްޓަށް ހޭނިފައެވެ. ވަރަށް ގިނައިން ދުވަހުގެ ޑައިރީއަށް ފަހު އެކި ޚިޔާލުތައް ލިޔެހަދަމެވެ.

19 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 758 ވަނަ ދުވަހެވެ. އަޅުގަނޑުގެ ދަތުގައި ރިއްސާތީ މިއަދު މާލެއަށް ގެންދިޔައެވެ. ޑެންޓަލް ކްލިނިކަށެވެ. މިތަންހުންނަނީ ހެންވޭރުބޯޅަދަނޑު ކުރިމަތީގައި މަޖީދީމަގުގެ އަނެއްފަރާތިގައެވެ. މިތަނަށް ބޮޑުގެއޭ ވެސް ބައެއްމީހުން ކިޔާއުޅެއެވެ. އެކްލިނިކްގައި ޑެންޓިސްޓަކަށް ދަތްބަލަންހުންނެވީ، ހުދުއަސުރުމާގޭގައި އުޅުއްވާ ދަތާބެހޭ ޑޮކްޓަރެކެވެ. ނަމަކީ، ސަލީމެވެ. ސަލީމު ބުނުއްވީ ރިއްސާދަޔް އިނީ ވަރަށްގޯސް ވެފައިކަމަށެވެ. ޖެހޭނީ އުފުރާލާށެވެ.

އެނޫންގޮތެއް ނެތްކަމަށެވެ. މިއީ އެންމެފަސޭހަ ގޮތްކަން އަޅުގަނޑަށް އެނގެއެވެ. އެހެނަސް އަޅުގަނޑު ބުނާނެ އިތުރު އެއްޗެއްނެތެވެ. މަރާމާތު ކުރުމުގެ ފުރުސަތެއް ނުދެއްވިއެވެ. ބޭނުންވީ ހަމައެކަނި އުފުރާލަދޭށެވެ. ޖަވާބުގައި އުފުރާލިޔަސް އެންމެރަނގަޅޭ ދެންނެވުމުން ވަރަށް އަވަހަށް ހިރުގަނޑަށް އިންޖެކްސަނެއް ޖަހާއެހިސާބު އައްސިކޮށް ލެއްވުމަށްފަހު، ނަރުކެނޑިއަކުން ހިފާއެދަތް އުފުރާލައްވައިފިއެވެ. އެދަތްއަދިވެސް އަޅުގަނޑު ރައްކާކޮށްފައި އޮންނާނެއެވެ.

އެއީ މަތީދަތްޕިލާގެ ވާއަތްފަރާތުގެ އެންމެއެތެރެއިން ދެވަނައަށް އިންނަކޮލުދަތެވެ. ދަތްޕިލާގެޗާޓުން އެއީ، 27 ވަނަނަންބަރު ދީފައިވާދަތެވެ. ދެން އެކްލިނިކަށް ޒިޔާރަތްކުރުމަށް އަޅުގަނޑަށް އެންގީ، 25 ވާހޯމަ ދުވަހު އައުމަށެވެ. މިހާރު އެތަންއިނީ ހުސްކޮށެވެ. ބާގަނޑެއް ހެދިފައެވެ. ވަކިން ދުރުގައި އެއްދަތް އެބައިނެވެ.

20 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 759 ވަނަ ދުވަހެވެ. މިއަދު މަންމައާއިތުއްތަ އަޅުގަނޑުމެންނާ ބައްދަލުވާން އައެވެ. ގެއިން ވަރަށްގިނަ ސާމާނުވެސް ގެނެސްދިނެވެ. މިއެއްޗެތި ލިބުނީ ޖަލުއޮފީސް މެދުވެރިކޮށެވެ. ހުރީއެމީހުން އައުމުގެކުރިން ޕްރިސަންސް މެދުވެރިކޮށް ފޮނުވާފައެވެ. ޖުމްލަގޮތެއްގައި ގޭގެހުރިހާކަމެއް ވެސް މުޅިންރަނގަޅެވެ. މާމަގެހާލުވެސް ރަނގަޅެވެ. މިއަދު އަންނިއާއި ޒާހިރުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. މިއަދު އިސްތަފާ ގާމާދޫއަށް ޒިޔާރަތްކުރެއްވި ޚަބަރުލިބުނެވެ. އެހެނަސް މިބަޔަށް ޚަބަރެއް ނުވެއެވެ.

21 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 760 ވަނަ ދުވަހެވެ. އީރާނުން އަޅުގަނޑަށް ފޮނުވައިދޭ މަޖައްލާއެއް ކަމަށްވާ، “މަހްޖޫބާ” ގެހަތަރުއަދަދު ގެއިންފޮނުވާފައި އޮތެވެ. އަދި މިއަދު، ހަންދުއަށް އިފުގެ ސިޓީއެއް ލިބުނެވެ. ކޮޅުބުން ފޮނުވާފައިއޮތް ސިޓީއެކެވެ. ޒާހިރު މިއަދު ހޮސްޕިޓަލަށް މާލެއަށް ގެންގޮސް އަދި ގެނައެވެ.

22 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 761 ވަނަ ދުވަހެވެ. ގަސްތައް ފޯދިއްޖެއެވެ. ޅަމިރުހާއި ޅަބައްޓާއި ޅަފަޅޯތައް ބައިވަރު އަޅާފައި އެބަހުއްޓެވެ. ގިނައިން ފެންދީހަދަނީ އަޅުގަނޑެވެ. ގަސްތައް ބަލަހައްޓާ މީހަކީ އަޅުގަނޑެވެ. ޅަފަޅޯ ވަރަށް މީރުވެއްޖެއެވެ.

23 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 762 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ކުޑަކޮށް ވިއްސާރައެވެ.

24 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 763 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ޝަހީދުންގެ ދުވަހެވެ. މިއަދުހެނދުނު އޮފީހުން ނަސީމު، މުހަންމަދު އަތަށްދީފައި ރަތަފައެއް އަޅުގަނޑަށް ފޮނުވިއެވެ. އިރުވާހުދު ގެއްލުނީމާ ނަސީމު ވެސް ހުންނަވަނީ ދެރަވެފައެވެ. އަޅުގަނޑު މެންގެ ހިތާމާގައި ބައިވެރުވުމަށް ފޮނުއްވި ދޫންޏެކެވެ. ރަތަފަ މިފޮނުވީ، މިތާތެރޭގައި އޮޅުކޮށްގެން ގެންގުޅޭށެވެ. އަނެއްކާވެސް ބަލަހައްޓާނެ ފުރާނައެއް އިތުރުވީއެވެ. މިހާރުވެސް ދޫންޏެއް އެބައިނެވެ. އަނެއްކާ ދޭއްޗަށް ވީއެވެ. މިދޭތި ތިވެނީ ފިޔަކޮށާފައެވެ.

25 ޖެނުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 764 ވަނަ ދުވަހެވެ. މިއަދުހެނދުނު ޖެފާއިފިދާއާއި ވިދާދަށް ފޮނުވުމަށް ތަހުނިޔާ ކާޑެއް ތައްޔާރުކޮށް ޒީނަތްތެރިކޮށް ކުރަހާ ހެދީމެވެ. މިފަދަ ކަންތައް ކުރަނީ ފަތިސްނަމާދަށް ފަހު، ނުނިދާ ހޭލާއިންނަ އިނުމުގައެވެ. މިއީ ވަރަށް ހަމަހިމޭން ވަގުތެކެވެ. މިގަޑީގައި ވަރަށް އިރުވާހުދު މަތިން ވަރަށް ހަދާންވެއެވެ. މިގަޑީގައި އަބަދުވެސް އިރުވާހުދު އިންނާނީ އަޅުގަނޑު ކައިރީގައެވެ.

ކާންދިނީމާ ކައިނިމިގެން ނުގޮސް އިންނާނީ، އަޅުގަނޑުގައިގާ ޖައްސާމެހި މަދިރިކާށެވެ. އަދި މަންމައަށް މިއަދުސިޓީއެއް ލިޔުނީމެވެ. ފަތިސްނަމާދަށް ފަހު، ގުރުއާން ކިޔަވާނިމިގެން ކޮންމެދުވަހަކު ވެސް ހެދުނުސަޔާ ޖެހެންދެން އަޅުގަނޑު ކުރާމަސައްކަތަކީ، ލިޔެކިޔުމުގެ ކަންތަކެވެ. ޑައިރީގަވައިދުން ލިޔަމެވެ. އަދި މުތާލިއާކުރަމުން ގެންދާފޮތްތަކުން ފާހަގަކުރެވޭ މުހިންމު ތަންތަންކޮޅު ނޯޓުކުރާ ފޮތެއް ގެންގުޅެމެވެ. މިފޮތުގެ ނަމަކަށް ދީފައިވާނީ، “ކަނޑުފަޅުން ފީނުމަށް ފަހު” މިހެންނެވެ.

ޑައިރީފޮތް

މިހާރުވެސް މުހިންމު ނޯޓުތައް ލިޔެފައިވާ މިފޮތްއެބައޮތެވެ. މިއީ ފުލްސްކޭޕް ސައިޒުގެ، 300 ސަފްހާގެ މޮނިޓަރ ފޮތެކެވެ. އަޅުގަނޑު މިމަސައްކަތް ކުރަނީ ކާގޭގައި ހުންނަބޮޑު މޭޒުގައި އެކަނި އިނދެގެންނެވެ. މިތަނާއި މިވަގުތަކީ މިކަމަށް ވަރަށް އެކަށޭނެ މާހައުލެކެވެ. އަޑެއްބަޑެއް ނުހުރެއެވެ. އެގަޑީގައި އެކަކުވެސް ނޫޅެއެވެ. ފަތިސް ނަމާދަށްފަހު ގުރުއާން ކިޔެވުން ނިމުމުން ޔޯގާގެބައެއް ކަސްރަތުތައް ހަދާލުމަށްފަހު، އޮންނަނީ މިމަސައްކަތް ކުރުމެވެ.

ހެނދުނުސަޔަށް ކާއެއްޗެހި ގެނައުމުން އެދުވަހެއްގެ ޑިއުޓީގައި ކާންހެދުމަށް އޮންނަބަޔަކަށް އަބަދުވެސް ގޮވާހަދަނީ އަޅުގަނޑެވެ. އަޅުގަނޑުގެ ހުރިހާކަމެއް ނިމުނީމާ އެދުވަހެއްގެ ކާންހެދުމުގެ ޑިއުޓީއަށް ގޮވީމާ އެބަޔަކު ދަތްއުނގުޅާ ތައްޔާރުވެގެން އާދެވޭއިރު ގިނަދުވަސްދުވަހު ހެދުނު، 8 ނުވަތަ، 9 ޖަހާފާނެއެވެ. ގިނަދުވަސްދުވަހު މިބައިކުނިކަހާ ހަދާނީވެސް އަޅުގަނޑެވެ. މިހާރުއިރުވާހުދު ނެތުމުން ތަޅުންގަނޑު ދޮންނާކަށް ނުޖެހެއެވެ.

ދޮންދައްތަމެންނަށް ހެދިކާޑުތައް ފޮނުވާލީ މަންމައަތަށެވެ. އެމީހުންނަށް ޓެންޒަނިޔާއަށް ގެއިން ޕޯސްޓްކޮށް ދޭގޮތަށެވެ. ގެއަށް ރައްދުކޮށްދިނުމަށް މިކާޑުތައް ޖަލުއޮފީހާ ހަވާލުކުރާނީ، 1 ފެބްރުއަރީގައެވެ. މިއީވަކިކަމެއް ވެގެނެއްނޫނެވެ. ހިތަށްެއެރިގޮތެވެ. މިއަދު އަންނި ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިއަދު ހަވީރު ވަގުތެއްގައި ޖަލުއޮފީހުގެ ނަސީމު ކަނބިއްޔެއް ހިފައިދެން މިބަޔަށް ދުރުވެ އަޅުގަނޑައިއޭތި ހަވާލުކޮށް މިތާނގާގެންގުޅޭށޭ ކިޔާފައި ދުރުވެއްޖެއެވެ. މިކަނބިލީގެ އެއްފައިކޮރެވެ.

އިނީކަކުލުހުޅުން ދުޅަވެސް ވެފައެވެ. މީއްޗަށް ފަރުވާދީގެން އަޅުގަނޑު ރަނގަޅުކުރީމެވެ. ފައިގާތިޔޮފޮތި ބަނދެގެންނެވެ. ފުރަތަމަބަނީ ސާފުތެޔޮ ފޮތިގަނޑެކެވެ. ދެންފަހުން އެހެންތިޔޮވެސް ބޭނުންކުރީމެވެ. ކޮންމެއަކަސް މާގިނަދުވަހެއްނުވެ ކަނބިލީގެފައި މުޅިން ރަނގަޅު ވެއްޖެއެވެ. އެއީވަރަށްވަގު ގޮލައެކެވެ. ފުރަތަމަ ކާންދޭން ޖެހުނީ ގަދަކަމުންނެވެ. އަނގައަށް އަޅައިގެންނެވެ. މީހުންގެ ކުރިމަތީގައި ކާންފެށީވެސް ދުވަސްތަކެއް ފަހުންނެވެ. ފަހުންއައިސް އަޅުގަނޑުމެން ކުރިމަތީގައި ނުކުމެއުޅެއެވެ. ކައިބޮއި ހަދާއުޅެއެވެ. ސިއްސައިގެންނެއް ނުދެއެވެ. އަޅުގަނޑު އަތުން ކާންދީހަދަމެވެ. ކުރިންމީހަކު ފެންނައިރަށް މީތި ސިއްސައި ގެންދާނެ ނެވެ. ފަހުން އައިސް އޮޅެވެ.

26 ޖެނުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 765 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލް ކްލިނިކަށް، އަދި އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ޑެންޓަލުން އަޅުގަނޑަށް ދިންފަރުވާއަކީ، ތިރީދަތްޕިލައިގެ ވާއަތްފަރާތުގެ އުފުރާލި ދަތްކައިރީގައި އިންކޮލުދަތަށް ރިހިކުލައިގެ މެޓެލް ފިލްކުރީއެވެ. އަދި ކަނާއަތްފަރާތުގެ މަތީދަތްޕިލާގައި އެތެރެއިން ދެވަނަކޮލުދަތުގައި އިންބޮޑު ލޯވަޅަކަށް ފުޓުނިގަނޑެއް އަޅައިދިނެވެ.

ދެންދުވަހަކުން އެތަނަށް ރިހިމެޓަލް އަޅައިދޭނެ ވާހަކަ ޑެންޓިސްޓު ބުނެދެއްވިއެވެ. ދެންއަންނަން ޖެހޭދުވަހެއްކަމަށް ހަމަޖެއްސީ ފެބްރުއަރީ އެއްވަނަ ދުވަހެވެ. މިކަންތައް ބަލަހައްޓަނީ އަޅުގަނޑު ގެންގޮސް ގެނެސްހަދާ ސިފައިންނެވެ. ހުސްވި ބާގަނޑަށް ދަތެއް ޖަހައިދޭކަށް އެއްބަހެއް ނުވިއެވެ.

27 ޖެނުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 766 ވަނަ ދުވަހެވެ. ހަންދުމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ޑޮކްޓަރ މުހަންމަދު އަހްމަދަށް ދައްކާށެވެ. އެކްސްރޭއެއް ނެގުމަށް ލިޔެދީފައިވާ ވާހަކަބުންޏެވެ. މިއަދު ގަސްއިބްރާހީމް މަނިކު މިތަނަށް ވެންނެވިއެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. ނާސިރާއި އާދިލް ބޭރަށް ނެރެގެން އުޅެނިކޮށް އެދެމީހުންގެ މެދުގައި ހިނގިޒުވާބެއްގެ ބަޔާން މިއަދު އެދެމީހުންގެ އަތުންވެސް ނެގިއެވެ. މިކަންކުރީ ޖަލުއޮފީހުންނެވެ.

ނާސިރާއި ސައްޕެއާ އަޅުވާ ފިރިހެންކުޅިއޭ އާދިލް ބުނެގެން ހިނގިޒުވާބެއްގެ ކަންތައް ނާސިރުރިޕޯޓް ކުރީއެވެ. އެހެނަސް ޖަލުއޮފީހުން އަދި ޕްރިސަންސުން މިއީމާބޮޑު ކަމަކަށް ނުހަދައެވެ. އެއްވެސް ކަމެއްނުކޮށް އެކަން އޮއްބާލީއެވެ. ފިރިހެނުންތަކެއް އެއްކޮށްއުޅޭ ތަނެއްގައި މިކަހަލަ ޒުވާބެއް ހިނގާފާނެއެވެ. އެއީ އަނެއްހެން ވެސް މައްސަލައެއް ނޫނެވެ.

28 ޖެނުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 767 ވަނަ ދުވަހެވެ. އަންނި ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. ރޭގަނޑު ވަގުތެއްގައި އޮފީހުން ނަސީމް ބުނުއްވައިގެން މީހަކުއައިސް އަޅުގަނޑު ޖަލުއޮފީހަށް ގެންދިޔައެވެ. ނަސީމު ބުނުއްވީ ރޯދަމަސް ކައިރިވެފައި ވުމުން، މިހާރުން މިހާރަށް ބޭނުންވާ ހުރިހާއެއްޗެއްގެ ލިސްޓެއް ތައްޔާރުކޮށްފައި ދޭށެވެ. ހޮނިހިރު ދުވަހު ޕްރިސަންސް ޑިވިޒަނަށް ފޮނުވާލެވޭވަރު ކުރުމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އަންނިއާ މަޝްވަރާކޮށްލާފައި ލިސްޓެއްލިޔެ އޮފީހަށް ފޮނުވައިދޭނަމޭ ބުނީމެވެ. ފަހަކަށް އައިސް ނަސީމު އަޅުގަނޑުމެންނަށް ވަރަށް ރަނގަޅެވެ. ޚާއްސަކޮށް އަޅުގަނޑުގެ ވަރަށްގާތް ރަހްމަތްތެރި އަކަށް ވެއްޖެއެވެ.

29 ޖެނުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 768 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގަވައިދުން ކުޅޭށާއިމޫދަށް ނެރެއެވެ.

30 ޖެނުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 769 ވަނަ ދުވަހެވެ. މިއަދަކީ ހިޖްރީސަނަތުން، 7 ޝަޢުބާން 1413 ވަނަ ދުވަހެވެ. ރަމަޟާންމަސް އައިސްޖެހެނީއެވެ. ޝަޢުބާނަށްފަހު، ދެންއޮންނާނީ ރަމަޟާންމަހެވެ. މިއަދު ޕްރިސަންސަށް، 3 ސަފްހާގެ ސިޓީއެއް ލިޔުނީމެވެ. ވަރަށްގިނަ ކަންތަކަށް އެދިފައެވެ. މިކަންކުރީ ޖަލުއޮފީހުން ނަސީމު އެދިލެއްވުމާ ގުޅިގެންނެވެ. މިސިޓީގައި މިކަންފާހަގަކޮށް މިކަންކަމަށް މިއެދުނީ ޖަލުއޮފީހުން، އިޝާރާތެއްވުމުން ކަމަށް ލިޔެފައިވާނެއެވެ. ރޯދަމަސް އައިސްޖެހޭތީ މިކަންތައްތަކަކީ، ފުރިހަމަވާން ޖެހޭބައެއް ކަންތައްތައް ކަމަށް ލިޔެފައިވާނެއެވެ.

31 ޖެނުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 770 ވަނަ ދުވަހެވެ. މިއަދުމާލެ ގެންދިޔައީ އަޒީއާއި ވަލީދާއި ހަންދުއެވެ. ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށެވެ. މިއަދު ގަސްއިބްރާހީމް ގާމާދޫއަށް ދުރުވިއެވެ.

އަންނި މާލެއަށް ބަދަލުކުރި ވާހަކަ:

ގަހޭފުރުއްވަމުން، އަންނިގެ ހުރިހާއެއްޗަކާއެކު މިބައިން ނެރެގެން އެލޯންޗުގައި އަންނި މާލެއަށް ގަހޭ އައި އެކު ގެންދެވިއެވެ. މިއަދުން ފެށިގެން އަންނި މާލެއަށް، ގޭބަންދަށް ބަދަލު ކުރެއްވީއެވެ. މިއަދު ގަހޭ މިދުރުވީ، އަންނި ބަލާކަމަށް ލަފާކުރެވެއެވެ. ހައިކޯޓުގެ ކަންތަކާއި ބައިނަލްއަގްވާމީ ޕްރެޝަރު އޮތްލެއް ބޮޑުކަމުން ގެއަށްބަދަ ކުރަނީކަމަށް ލަފާކުރެވެއެވެ. އަނެއްހެންވެސް ބަންދުކުރިތާ ދެއަހަރުފުރި ތިންވަނައަހަރު މިވަނީފެށިފައެވެ. އިއްވި ހުކުމްތަކުގެ ދެބައިވެސްވަނީއެވެ.

ރައީސް މައުމޫނުގެ ހިތްޕުޅަށް މިނިވަންކުރަން ފެނިވަޑައި ގަތީކަމަށް ވެސް ވެދާނެއެވެ. އަންނި ދިޔައީ އަންނި ގެންގުޅުނު ގިނަސާމާނުތައް އަޅުގަނޑަށް ދީފައެވެ. އަންނި ގެންގުޅުނު ފަތްޖަހާ ސަރަންފީ ދެއްވީ، ސީދާއަޅުގަނޑަށް ޚާއްސަކޮށްފައެވެ. ކަސްރަތުކުރާ ބައިސްކަލް ބެހެއްޓީ އެންމެންނަށް ބޭނުންކުރެވޭގޮތަށް ކޮޓަރިތަކުގެ ފެންޑާގައެވެ. މިބައިކު ދިނީ ހަންދުއަށެވެ. މިއަދު ވައްކަމެއްގެ މައްސަލައެއްގައި ބެދިގެން، ދެއަންހެންކުދިން ގާމާދޫއަށް ގެނައެވެ. މިވެރިން ބަންދުކުރީ ބޭރުގައި ހުންނަ، 18 ނަންބަރު ގޮޅީގައިކަމަށް ޚަބަރުލިބެއެވެ.

1 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 771 ވަނަ ދުވަހެވެ. ގެއަށް މަންމައަށް ސިޓީއަކާއި އެސިޓީއާއެކު ދޮންދައްތަމެންނަށް ޓެންޒާނިޔާއަށް ފޮނުވުމަށް ތައްޔާރުކުރި ކާޑުތައް އެމީހުންނަށް ޕޯސްޓްކޮށް ދިނުންްއެދި ގެއަށް ފޮނުވާލީމެވެ. މިހާރުމިބައިގާ، 4 ޖާގަހުސްކޮށް އެބަހުއްޓެވެ. މިއަދު އަޒީއާއިވަލީދު މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ.

2 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 772 ވަނަ ދުވަހެވެ. މިއަދުވެސް އަޒީއާއިވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ރައްޔިތުންގެ މަޖިލިސް ކުރިޔަށްއޮތް އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތު މިމަހު، 24 ވަނަ ދުވަހު، މަޖިލިސްކުރާގޭގައި އޮންނާނެކަމާއި އެދުވަހަކީ ރަސްމީބަންދު ދުވަހެއްކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު އިއުލާނު ކުރެއްވިއެވެ. މިޚަބަރު ރޭޑޮޔޯއިން އަޑުއެހީމެވެ.

އަދި މިއަދުމާލޭން އައިސް ވަލީދުދިން ޚަބަރަކީ، ދޯޅަނބުސަލިމް ދޫކޮށްލިޚަބަރެވެ. އަދި ރ.އަތޮޅު މެންބަރު އަލީވަހީދު ބަންދުކުރި ޚަބަރުވެސް ވަލީދުދިނެވެ. އަދި ކުވާމޮހެދޭއާއި ބައްޓޭއާއި ސައުތްހޮޓާ ތައުފީގާއި ބިންބިތައުފީގު ވެސް މިމީހުންގެ ތެރޭގައި ހިމެނެއެވެ. މިމީސްމީހުންނަކީ އެންދެރިމާގޭ އިލްޔާސަށް ހަމްދަރުދީވާ މީހުންކަން ނަންތަކުން އެނގުނެވެ. ބިންބިފޯހުގައި އުޅުނު ބައެއް މީހުންވެސް މީގެތެރޭގައި އެބަވެއެވެ.

ފަހަރުގައި މިމީހުން މިބަންދުކުރީ އިލްޔާސް އިބްރާހީމް ރާއްޖޭގެ ވެރިކަމަށް ގެންނަން މަސައްކަތް ކުރާބައެއްގެ ތުހުމަތުގައި ކަމަށް ވެދާނެއެވެ. ރައީސް މައުމޫނަށް ބަޔަކުހުތްލައި ދީފައިވަނީ އަޅުގަނޑުމެންގެ އިސްލާހީހަރަކާތަކީ ވެރިކަން ބަދަލުކޮށްލަން ވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. ވަކިމީހަކު ވެރިކަމަށް ގެންނަން ވެގެން ހިންގާކަމެއް ކަމަށެވެ. އަޅުގަނޑުމެންގެ ހިތުގައި މިރޭވުމަށްވުރެ ބޮޑަށް ރާއްޖެއަށް ބޮޑުޑިމޮކްރަސީއެއް ގެނެސްދިނުމުގެ ފިކުރުމާބޮޑެވެ.

ފްރީއެންފެއަރ އިލެކްޝަނަކަށް މަގުފަހިކުރުން މާބޮޑެވެ. އޭރުވެސް އަޅުގަނޑުމެންނާ އަމާޒުކޮށް މިކަހަލަ ތުހުމަތުކުރީ އިލްޔާސް ވެރިކަމަށް ގެންނަންވެގެން އުޅުނުބައެކެވެ. އެމީހުން ހީކުރީ، އަޅުގަނޑުމެން މިއުޅެނީ ޑޮކްޓަރ ވަހީދުއަށް ވެރިކަން ހޯދައިދޭށެވެ. ހަގީގަތުގައި ވެރިކަމައިގެން އުޅެނީ އަޅުގަނޑުމެން ނޫންކަން މިހާރަކަށް އައިސް ރައީސް މައުމޫނަށް ގަބޫލުކުރެވެން ފެށީކަމަށް ވެދާނެއެވެ.

އަޅުގަނޑުމެންނަށް ލުޔެއް މިއަންނަނީ، އިލްޔާސަށް ކުރެވުނު ތުހުމަތުތައް ފަޅާއަރަންފެށީމާ ކަމަށްވެސް ވެދާނެއެވެ. ފަހުން މިޚަބަރުތައް ސިފައިންގެ ފަރާތުން ސާފުކޮށް ލިބުނީވެސް އިލްޔާސް އިބްރާހީމް ވެރިކަމަށް ގެންނަން ވެގެން ބަޔަކުމީހުން ސިއްރު މަސައްކަތް ތަކެއްކޮށްގެން ބަންދުކޮށްފިކަމަށެވެ. މިޚަބަރު ލިބުމާއެކު، މިހާރު މިދަނީ ރަނގަޅުމަގުން ކަމަށް ގަބޫލު ކުރެވުނެވެ. ރައީސް މައުމޫނަށް އެތެރޭގެ ހަގީގަތްތައްް ފަޅާއަރަނީ ކަމުގައި ބެލެވުނެވެ.

3 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 773 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލް ކްލިނިކަށް މާލެއަށް ގެންދިޔައެވެ. ބޭރުން ހަލީމާއި ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައެވެ. މިގްރޫޕަކީ، އާދަމްޒާހިރުގެއަށް ޕެޓްރޯލްފުޅިއެއް ރޯކޮށްފައި އެއްލިމީހުންނެވެ. މިގްރޫޕްގައި ހަތަރުފަސް މީހަކުހިމެނެއެވެ. މުސްތަފާއާއި ވާއްޕެއާއި ވަލީދަކީ ވެސް މިގްރޫޕްގެ މީހުންނެވެ. މާލެއިން ޖަވާހިރުވާދީ، އިބްރާހީމް ރަޝީދު (ކޮއްކޮއިބުރޭ) ދޫކޮށްލިޚަބަރު ލިބުނެވެ. ދޫކޮށްލީ އެކެއް ފެބްރުއަރީގައެވެ.

މުޅިން މިނިވަންވީއެވެ. މިވާހަކަ ޕްރިސަންސުން ކަށަވަރުކުރި އިރުވަނީ މުޅިންތެދަކަށެވެ. މިއަދު ޑެންޓަލުންކުރި މަސައްކަތަކީ، ވާއަތުތިރީ ދަތްޕިލާގެ ތިންވަނަ ކޮލުދަތަށް ރިހިކުލައިގެ މެޓަލް ފިލްކުރުމެވެ. ދެންޖެހިގެންއިން ދަތަށްވެސް އެޅިއެވެ. ދެންއަންނަން ޖެހެނީ، 11 ފެބްރުއަރީގައެވެ. މެންދުރުކުރިން އައުމަށް އެންގިއެވެ. މިކަމާހަވާލުވީ އަޅުގަނޑު މާލެގެނައި ސިފައިންގެ މީހާއެވެ. މިއަދު ހަންދުގެ އެކަހެރިބައްދަވުން އާތުއާއެކު ފެށުމަށް އެކަމަށް ޚާއްސަކޮޓަރިއަށް ހަންދު ގެންދިޔައެވެ. ނިމޭވަގުތަކީ މާދަމާހަވީރެވެ.

4 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 774 ވަނަ ދުވަހެވެ. މިއަދު އަޒީމާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ހަންދު އެކަހެރި ބައްދަލުވުން ނިންމާފައި ހަވީރު ފަހެއްގައި މިބަޔަށް ގެނެސްވެއްދިއެވެ. ހުރިހާޚަބަރެއް ވެސް ރަނގަޅުކަމަށް ހަންދު ބުންޏެވެ. މާލޭގެ ވަކިޚާއްސަ ޚަބަރެއް ނެތްކަމަށް ބުންޏެވެ.

5 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 775 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގާދުވަހެކެވެ.

6 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 776 ވަނަ ދުވަހެވެ. އަޅުގަނޑު މުތާލިއާކޮށް ނިންމާލުމަށް ބޭއްވިތާރީޚާ ގުޅޭފޮތެއް މިއަދު އަންނިއަށް ކެނެރީގެއަށް ޖަލުއޮފީސް މެދުވެރިކޮށް ފޮނުވާލީމެވެ. އަންނިއަށް ކެނެރީގެއަށް ރައްދުކޮށްދިނުން އެދި ޕްރިސަންސަށް ފޮނުވުމަށް ޖަލުއޮފީހާ މެންދުރެއްހާއިރު ހަވާލުކުރީއެވެ. އަދި އަންނިއަށް ނޯޓެއްވެސް ފޮނުވީމެވެ. އަދިހެއްކާބެހޭބައެއް އާޔަތްތަކުގެ ހަވާލާތައް ވެސް އަންނިއަށް ފޮނުވީމެވެ. މިކަންކުރީ އަންނި އެދިގެންނެވެ. މިއާޔަތްތައް އިނގިރޭސި ތަރްޖަމާއިން ހައިކޯޓަށް ދިއުމުގެކުރިން ދިރާސާކޮށްލުމަށް ބުނެފައިވާނެއެވެ.

7 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 777 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. އަޒީ ޑެންޓަލް ކްލިނިކަށް މާލެއަށް މިއަދު ގެންދިޔައެވެ. މިއަދު މެންދުރު ޚަބަރުގައި މ.އުނިމާގޭ (ހޮޅިގޭ) ފާތުމައިދީ އަވަހާރަވި ވާހަކަގޮވިއެވެ. މިއީ ހިތާމަވެރި ޚަބަރެކެވެ. އަވަށްޓެރިޔަކު ދެމިއޮތުމުގެޢާލަމަށް ދިޔަދުވަހެކެވެ. އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން! ހޮޅިގޭފާތިމަތްދީދީ އަކީ، އަނީސާއާއި ހަފީޒާގެ މަންމައެވެ.

އަދި އަޅުގަނޑުގެ ކޮއްކޮއިބުރޭގެ އަންހެނުން އަންދިގެ ދޮންމަންމައެވެ. ހޮސްޕިޓަލުން މިޚަބަރު އަބްދުﷲ ހުސައިނަށް ލިބުމުން ޖަލަށް އައިސް އަޅުގަނޑު މެންނަށް ދިނެވެ. ފާތުމައިދީދީއަކީ ޖަވާހިރުވާދީއާ ޖެހިގެން އިރަށް ހުންނައުނިމާގޭގެ ވެރިޔާއެވެ. ދައުލަތުގެ ކަނބުލޭގެފާނެކެވެ. މާމައާއި މަންމަގެ ވަރަށްގާތް ރައްޓެއްސެކެވެ.

8 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 778 ވަނަ ދުވަހެވެ. މިއަދުޚާއްސަކަމެއް ނުހިނގައެވެ.

9 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 779 ވަނަ ދުވަހެވެ. އަބްދުﷲ ސަލީމް ޑޮކްޓަރަށް ދެއްކުމަށް މާލެއަށް ގެންދިޔައެވެ. މިއަދު މެންދުރުފަހު، ނިދާފާއޮއްވާ ފެންނަނީ، ތުއްތައާއި އިފާއިދޮންދައްތައާ ގޭތެރެއިން ބައްދަލުވެގެން އުޅެނިކޮށެވެ. މަގުމަތީގައި އޮތްޕެރޭޑެއް އެންމެން ބަލަންވެގެން ދޮރާށިދޮށަށް ނުކުމެތިބިތަނެވެ. މިހުވަފެނުގެ ތައުބީރެއްކަމަށް އަޅުގަނޑުނިންމީ، ދެން މާގިނަދުވަހެއް ނުވަނީސް ގޭގައި އެންމެންއެކުގައި އުޅޭނެފުރުސަތު ތަނަވަސްވެގެން ދާނެކަމަށެވެ.

އަދި ރޭގެނިދީގައި ފެނުނު ހުވަފެނަކީ، އޮނަރަބްލް އަބްދުﷲ ކަމާލުއްދީނާ އެކުގައި މައްކޮއާއި އަޅުގަނޑުއުޅޭ މަންޒަރެވެ. މައްކޮ އެއްޗެހިތަކެއް ޕޯސްޓުކުރަން ދާންވެގެން އަޅުގަނޑު ގޮވައިގެން ޕޯސްޓްއޮފީހަށް ދާންވެގެން އަޅުގަަަަަަަނޑަށް ގޮވާއިގެންދާން އުޅޭމަންޒަރެވެ. ދިޔަނުދޭން އުނިމާގޭ އަހްމަދު އާދިލްގެ ބައްޕަ މުހަންމަދުގާސިމް ހުރަސްއަޅައިގެން އުޅޭތަނެވެ. މުހަންމަދު ގާސިމް އަޅުގަނޑާ ދިމާއަށް ބުނުއްވަނީ މައްކޮއާއެކު ނުދާށެވެ. ކުޑަގޮޅިއަށްދާށެވެ. ހުރަސް އެޅުއްވުމަށް ފަހު، ކުޑަގޮޅިއަށްދާން ހިނގާށޭކިޔާތަނެވެ. މައްކޮއާއެކު ނުދެވެނީސް ހޭލެވުނީއެވެ.

އަބްދުﷲ ކަމާލުއްދީނަކީ، އަޅުގަނޑާއި މައްކޮގެ ވެރިމީހާއެވެ. ސަރުކާރުގައި އަޅުގަނޑާއި މައްކޮ އުޅުނުއިރު އަބްދުﷲ އަކީ، ބޮހެވެ. އަޅުގަނޑުމެން ތިންމީހުން ވަރަށްގާތް ވާނެއެވެ. މައްކޮއާއި އަޅުގަނޑު އަބަދުވެސް އުޅެނީ، އެކުގައެވެ. މިހުވަފެނުން އަޅުގަނޑު ތައުބީރުކޮށް ނެގިއެއްޗަކީ، މައްކޮއަށް ވަރަށްއަވަހަށް ރަނގަޅުގޮތެއް ވާންއުޅެނީ ކަމަށެވެ.

އަދި އަޅުގަނޑު މިބަންދުގައި އިތުރުދުވަސްތައް ނަގާނެކަމަށެވެ. މައްކޮވީހާ އަވަހަށް މިނިވަންވުމަކީ، އަޅުގަނޑުގެ އެދުމެކެވެ. އަދި އަޅުގަނޑުގެ ދުއާއަކީވެސް އެއީއެވެ. އަދި ކުޑަގޮޅީގައި ތިބިދުވަސްވަރު ޖިންނިއެއް މެދުވެރުކޮށް ރޫޙާނީ ބާރުގެ ޒަރީއާއިން މައްކޮމިނިވަން ކުރެވޭތޯ ދޫނިދޫކުޑަ ގޮޅީގައި އޮތްދުވަސްވަރު އަޅުގަނޑު އެތައް މަސައްކަތެއް ކުރީވެސް މައްކޮއަކީ މިކަމުގައި އެއްވެސް އަދަބެއް ލިބިގެންނުވާނެ މީހެއްކަން އަޅުގަނޑަށް ސާފުވާތީއެވެ. ރަނގަޅަށް އެނގޭތީއެވެ. މައްކޮ ބަންދުކުރަންޖެހެ އެއްވެސް ބިންގަލެއް ނެތެވެ.

10 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 780 ވަނަ ދުވަހެވެ. މާލެއަށް ވަލީދުގެންދިޔައެވެ. ޑޮކްޓަރަށެވެ. ރޭގެވަގުތެއްގައި ހަލީމާއި ކާދޫއިބުރޭ ތަޅައިގަނެގެން، އޮފީހަށް ގެންގޮސް ތަހުގީގުކުރުމަށް ފަހު، އެދެމީހުން ކުޑަގޮޅިއަށް ލައިފިއެވެ. އަދި މިއަދުހަވީރު ގަސްއިބްރާހީމް މަނިކު ވަޑައިގެން އެތަހުގީގުކޮށް ބަޔާންތައް ނަގާ ހެދުމަށް ފަހު، ވެސް އެދެމީހުން ބޭތިއްބީ ބޭރުގައި ހުންނަކުޑަގޮޅި ތަކުގައެވެ. މިއީރީތިކޮށް ހަދާފައިހުންނަ ކުދިގޮޅިތަކެކެވެ. މިގޮޅިތަކުގެ މަތީފުރާޅު މިބަޔަށް ފެނެއެވެ.

11 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 781 ވަނަ ދުވަހެވެ. ވަލީދާއި އަޅުގަނޑު މިއަދުމާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށެވެ. އަޅުގަނޑު ޑެންޓަލަ ކްލިނިކަށެވެ. މިއަދުކުރި މަސައްކަތަކީ، މަތީދަތްޕިލައިން ކަނާއަތްފަރާތުން އެތެރެއިން ދެވަނައަށް އިންކޮލުދަތަށް ސިލްވަރމެޓަލް އަޅާފިލްކުރީއެވެ. މިއަދާހަމައިން ދަތުގެފަރުވާއަށްހުރި ހުރިހާކަމެއް ނިމުނީއެވެ.

ދެންއޮތީ ފަރުވާދެވުނު ދަތްތައް މަސައްކަތްކުރަނީ މުޅިން ފުރިހަމައަށްތޯ ބަލާއިޗެންކޮށް ލުމަށް އައުމެވެ. މިކަމަށް އަންނަން ޖެހެނީ، 16 ފެބްރުއަރީގައެވެ. ވަލީދު ހޮސްޕިޓަލުގައި ކުރިކަމަކީ ފިޒިއުތަރަފި ހެއްދީކަމަށް ބުންޏެވެ. މިކަންތައް ދުވަސްކޮޅަކު ކުރަންޖެހޭނެއޭ ހޮސްޕިޓަލުން އެންގިކަމަށް ވަލީދު ބުންޏެވެ. މިއަދު ވެސް ދަތެއް ޖަހައި ދިނުމަށް އެދުމުން ލިނުބީ ނޫނެކެވެ.

12 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 782 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގަސްތަކަށް ބަލަންތިބީއެވެ. ބޭނުންއިރަކު ގަސްތަކުކައިރީގައި މިހާރުއުޅެވެއެވެ. ފަޅޯގަސްތަކުގައި ބައިވަރު ކުދިކުދި ފަޅޯއަޅާފައި އެބަހުއްޓެވެ. ބައެއް ފަޅޯޅަކޮށް ކާލެވެއެވެ. މިރުހާއިބަށި ވެސް އެބަބޮޑެތިވެއެވެ. ގެންގުޅޭ ތިންދޫންޏަށް މިއަދުވެސް ކާންދިނީމެވެ. އިރުވާހުދުމަތިން ވަރަށް ހަދާން ވެއެވެ. އަންނި މާލެ ގެންދިޔަފަހުން ވެސް ރުކުންއެތެއް ރާކުރެވޭތޯ ކުރިމަސައްކަތްވީ ބޭކާރެވެ. އެއްގޮތަކަށް ވެސް ރާފޮދެއް ލިބޭނެގޮތެއް ނުވިއެވެ.

13 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 782 ވަނަ ދުވަހެވެ. ވަލީދު ފިޒިއުތަރަފީއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. ކާދޫއިބުރޭއާއި ހަލީމު ތަޅައިގަނެގެން ހަލީމުގެ ތުންފަތަށާއި ދަތަކަށް ކުދިއަނިޔާވި ޚަބަރުލިބުނެވެ. މިމީހުންތިބެނީ ބޭރުގައެވެ. ހޮސްޕިޓަލަށް ގެންދިޔަޚަބަރެއް ވެސް އުޅުނެވެ. މިއަދު މެންދުރެއްހާއިރު، މުސްތަފާ މިބައިންނެރެގެން ބޭރަށް ކުޑަގޮޅިއަކަށް ގެންގޮސް ލައިފިއެވެ.

ފަހުން އެނގުނުގޮތުގައި ކާތަކެއްޗާއި ފެންގެނެސްދޭ ސޮރުއަތަށް މުސްތަފާ ސިޓީއެއްދީފައި ހަލީމަށް ރައްދުކުރުމަށް ދީގެންމިކަން ފަޅާއެރީއެވެ. މިސޮރުން ހަދާގޮތަކީ މިކަންތައް ކޮށްދޭނަމޭ ކިޔާފައި ސިޓީއަތަށްއެރީމާ ޖަލުއޮފީހަށް ރިޕޯޓްކޮށް ފަޅާއަރުވާ ލަނީއެވެ. މިނޯޓުން ކާދޫގައިގާ ތަޅައިގަތީ މިމީހުންރާވައިގެން ހިންގިކަމެއްގެ ގޮތަށް ލިޔެފައި އޮވެގެން މިކަންތައް ވަރަށްގޯސްވިއެވެ.

މިއެންމެން ވެގެންކާދޫ އިބުރޭއަށް ހޭއަރުވާލަން ނިންމާފައިވާކަން ފަޅާއެރީ މިނޯޓުންނެވެ. މިމީހުންނަކީ ކުރިން ސިފައިންނަށްވާތީ، ސިފައިންނަށް މާއިތުބާރުކޮށް މިކަހަލަ ކަންތައް ކުރަނީއެވެ. ކާދޫކުރިން ވެސްހުރި ބޮޑުގޮޅިއަށްލާއި މިދެމީހުން ވެއްދީ ކުޑަގޮޅިއަށެވެ. މާލެގެންދިޔައީ ކާދޫ އެކަންޏެވެ. ބޭސްފަރުވާއަށެވެ. މިމީހުންނައި ކާދޫއައި ޖެހުނު އަސްލު މައްސަލައެއް ނޭނގުނެވެ.

14 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 784 ވަނަ ދުވަހެވެ. ވަލީދާއިއަޒީ ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. އަޅުގަނޑަށް ބޭންކް އޮފް މޯލްޑިވްސް އިން ހިއްސާ ވިއްކިކަމުގެ ލިޔުމާއި ހިއްސާގަތް ކަމުގެރަސީދު މިއަދު ޕްރިސަންސުން ފޮނުވައިގެން ލިބިއްޖެއެވެ. ވަރަށްއުފާވިއެވެ. މިވީގޮތުން ހީވެސްނުކުރާ ކަހަލަކަމެއް ޖަލުގައިހުރެގެން ކުރެވުނީއެވެ. މުޅިއުމުރަށް ފައިދާލިބޭނެ ދޮރެއްހުޅުވާ ލެވުނީއެވެ.

ދިހަހިއްސާ ގަތުމަށް ބޭނުންވާ، 3000 ރުފިޔާ އަޅުގަނޑުގެ އެކައުންޓުން އުނިކުރިކަމާއި ހިއްސާ ވިއްކިކަމުގެ ރަސީދު ބޭންކުން ސިޓީއަކާއެކު ލިބިފައި އޮތެވެ. ﷲގެ އިރާދަފުޅުން މިކަންތައް ހަމަޖެހުނީއެވެ. ބޭންކަށް ސިޓީލިޔުނުއިރު މިއީވެދާނެކަމެކޭ އެއްގޮތަކަށް ވެސް ހިތަކަށް ނުގެނެވެއެވެ. މިކަންވާނެ ކަމުގެ އުންމީދު ވަރަށްކުޑައެވެ.

އެހެނަސް، ﷲގެ ހެޔޮރަހްމާތާއި އިރާދަފުޅުން ކޮންމެކަމަކީ ވެސް ވެދާނެކަންތަކެވެ. މިއަދު މެންދުރުނަމާދުން ފެށިގެން މިސްކިތުގައި އާޓިނުޖަހަތީ ނަމާދަށް ނެރުން ވަގުތީގޮތުން ހުއްޓާލިކަން އެންގިއެވެ. މުޅި މިސްކިތް ބަންގިނުގޮވާގޮތަށް ބަންދުވީއެވެ. ޓިނުޖަހާ ނިމެންދެނެވެ. މިމަސައްކަތް ކުރުވަނީ އެސްޓިމޭޓަށް މާލޭންގެނައި ބަޔަކުލައްވައެވެ.

15 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 785 ވަނަ ދުވަހެވެ. މިއަދު ޖަލުއޮފީހަށް ގެންގޮސް ރަސްމީކޮށް މޫދުން މަސްހިފުމުގެ ހުއްދަދިނެވެ. މިއީ ނަސިމު ކައިރީގައި އަޅުގަނޑު ބުނެގެން އުޅޭކަމެކެވެ. ވާގޮތަކީ މަނާކުރުމުން ވެސް މިއީ އަޅުގަނޑުމެން ގަވައިދުންކުރާ ކަމަކަށް ވާތީ ހުއްދައެއް އޮތުން ރަނގަޅެވެ. އެހެންވެ ހުއްދައެއް އޮންނަން އަޅުގަނޑު ބޭނުންވީއެވެ. ކުރިޔެކޭ އެއްގޮތަށް ކުޅޭށާއިމޫދަށް ނެރެއެވެ.

މިއަދަކީ ވެސް ކުޅޭށާއިމޫދަށް ނެރުނުދުވަހެކެވެ. މިއަދުމޫދުން އައިއިރުއައީ ކޮންމެމީހަކަށް ގެނެވުނުވަރަކަށް ދޮންވެލި ހިފައިގެންނެވެ. ރޯދައަށް ދޮންވެލި ލާށެވެ. މިބައިގެގޯތިތެރެ ރީތިކޮށްލާށެވެ. ނަސީބަކުން އެކަކުވެސް އަޅައެއްނުލިއެވެ. މަނާކަމަކަށް ވެސް ނުވިއެވެ. ވެލިލާފައި ހުއްޓައި ފެނުމުން ވެސް ކަމަކަށް ނުހެދިއެވެ.

16 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 786 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑު ޑެންޓަލަށް ޗެކްއަޕަކަށް ދާންޖެހުނެވެ. ޑޮކްޓަރުގެ ހަމައެކަނި ބަލާލުމަކަށެވެ. އެހެންއެއްވެސް ކަމެއްނުކުރެއެވެ. ދަތްޖެހުން އޮތީ ހުއްޓިފައެވެ. މުޅި އުމުރަށް އެބާގަނޑާއެކު އުޅޭނީއެވެ. މިއަދު ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ނާސިރާއިވިސާމް ކޯޓަށް ގެންދިޔައެވެ. ދަތުރުގައި އުޅުނީ އެންމެން އެކުގައެވެ. ކެއީވެސް އެންމެން އެކުގައެވެ. މަޖާދުވަހެކެވެ.

17 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 787 ވަނަ ދުވަހެވެ. ވަލީދާއި އަބްދުﷲ ހުސައިން ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. ހަވީރު ހަންދުއަށް ގެއިން ފޮނުވައިގެން ސޮނީ ލަވަޖަހާސެޓެއް ލިބުނެވެ. އަދި މިއަދު ގަސްއިބްރާހީމް މަނިކު ޑޮކްޓަރެއް ގޮވައިގެން ގާމާދޫއަށް ވަޑައިގަތެވެ. ބައެއްގައިދީން ބަލާހެދިއެވެ.

18 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 788 ވަނަ ދުވަހެވެ. ނާސިރާއިވިސާމް ކޯޓަށް މާލެއަށް ގެންދިޔައެވެ. ވަލީދު ހޮސްޕިޓަލަށް ގެންދިޔައެވެ. މަންމައާއި ތުއްތައާއި އިލްމާއު އަޅުގަނޑާއި ހަންދުއާއިބިގޭއާ ބައްދަލުކުރަން އައެވެ. އަބްދުﷲ ހުސައިނާ ވެސް މަންމަމެން ބައްދަލުކުރިއެވެ. މިދަތުރުގައި މިނިވަންކޮށް ދޫކޮށްލި ކޮއްކޮ އިބުރޭވެސް ބައްދަލުކުރަން އައެވެ. އަދި އާތުއާއި ހަންނުވެސް ވަކިން ހަންދުއާ ބައްދަލުކުރިއެވެ. ގޭގެޚަބަރުތައް ވަރަށްރަނގަޅެވެ. ދޮންދައްތަމެން ވެސް ރަނގަޅުކަމަށް ޚަބަރުދިނެވެ. މާމަގެހާލުވެސް ރަނގަޅެވެ. އަޅުގަނޑު މެންނަށް ގެއިންވަރަށް ގިނަސާމަނު ލިބުނު ދުވަހެކެވެ. އުފާވެރި ދުވަހެކެވެ.

19 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 789 ވަނަ ދުވަހެވެ. މިސްކިތް މަރާމާތުކޮށް ހަދަމުންގެންދާ ތަންފެނެއެވެ. ވަރަށް ސްޕީޑްދަށްވެފައި ލަހެވެ. އަދި ވެސް ނިމޭކަށް ނޫޅެއެވެ. ގަސްތައްކައިރީގައި ގިނަވަގުތު ތިބި ދުވަހެކެވެ. ފަޅޯތައްބޮޑެތި ވެއްޖެއެވެ. ކައިހަދަމެވެ. އަދި ހަފްތާއެއްގެ ތެރޭގައި މުޅިން ދޮންވާވަރުވާނެހެން ހީވެއެވެ. މިރުސްވެސްހުރީ  ބޮޑެތިވެފައެވެ. ރޯދައަށް ބިނދެވޭވަރުވާނެއެވެ. މިހާރު މިތިބެނީ ދޮންފަޅޮލެއް ބިނދެލާއި ކާލާހިތުންނެވެ. ދޮންވުމުންނޫނީ ނުބިންނަން ކެތްކޮށްލައިގެން ތިބެނީއެވެ.

20 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 790 ވަނަ ދުވަހެވެ. އަޒީއާއިވަލީދު ހޮސްޕިޓަލަށް މާލެއަށް ގެންދިޔައެވެ. މިބައިގައި މިއަދު ކުލަލާންފެއްޓިއެވެ. ރޯދައަށް ރީތިކުރަނީއެވެ.

21 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 791 ވަނަ ދުވަހެވެ. މިއަދު ހަންދުއާއި ބިގޭއާއި ވަލީދާއި އަޒީއާއި ޒާހިރާއި ކިޔޮޅުއިބްރާހީމް ނަސީމް މާލެއަށް ހޮސްޕިޓަލަށް ގެންދިޔައެވެ. އަޅުގަނޑު ނުކުންނަން ބުނީ ސާމާނާއެކުގައެވެ. ގޭބަންދަށް ދާށެވެ. އަތުންކުރި މަސައްކަތުގެ މީރުކަން ދިންފަޅޮލަކުން ނުލިބި ގެއަށް ބަދަލުވާން ޖެހުނީއެވެ. ކޮންމެ ވެސް ބަޔަކަށް އެގަސްތަކުގެ ފައިދާ ކުރާނެއެވެ.

ޖަލުގައި، 790 ދުވަހަށް ފަހު ގޭގެބަންދަށް ބަދަލުކުރި ވާހަކަ:

ﷲއަށް އެތައްހާސް ޝުކުރެއް ހުއްޓެވެ! މާލެ ދިއުމަށް އަޅުގަނޑު ނުކުތީ ހުރިހާ ސާމާނާ އެކުގައެވެ. އަންނި އަޅުގަނޑަށް ދެއްވި ސަރަންފީދިނީ ބިގޭއަށެވެ. އެންމެންނާ ސަލާމް ކޮށްފައި މާލެދާމީނުންނާއެކު ހިނގައިގަތީ އުފަލުން ފުރިގެންހުރެއެވެ. ސާމާނާއެކު ގެންދާތީ ގެއަށް ދެވޭނެތީއެވެ. ގަސްތަކުގައިހުރި ފަޅޯތައްހުރީ ދޮންވާންކައިރި ވެފައެވެ. މިއިންފަޅޯކޮޅެއް ކާލަންނުލިބުނީމާ ވަރަށް ދެރަވިއެވެ. ގަސްތައްހުރީ ފަޅޯއަޅާބަރާ ވެފައެވެ.

ޕްރިސަންސަށް ވައްދާފައި ހުކުމުން ބާކީއޮތް ދުވަސްތައް ރައީސުލް ޖުމްހޫރިއްޔާ ގެއަށް ބަދަލުކޮށްދެއްވީ ކަމަށް ފޮތެއްގައިލިޔެ ސޮއިކުރުވާ އެންގިއެވެ. އެއީ ތިންއަހަރަށް ޖަލަށް އިއްވާފައިއޮތް ހުކުމުންބާކީއޮތް ދުވަސްތަކެވެ. 1994 ޖެނުއަރީ 10 ވަނަ ދުވަހާހަމައަށް ގޭގެބަންދަށް ބަދަކުކުރެވުނީ ކަމަށް އެފޮތުގައި ލިޔެފައިއޮތެވެ. އަދި ހަމަސްދުވަހަށް އަރުވާލުމަށް އިއްވާފައިއޮތް ހުކުމް، ކެސެޓްރޯލް މައްސަލައިގެހުކުމް ވެސްގޭގެބަންދަށް ބަދަލުކޮށް ދެއްވީކަމަށް ލިޔެފައިއޮތެވެ.

މިއަދުންފެށިގެން ހުރިހާހުކުމެއްވެސް ގޭގެބަންދަށް ބަދަލުކޮށް ދެއްވީއެވެ. އެހެންވުމުން ދެންބާކީއޮތް ތިންހުކުމްވެސް ގޭގެބަންދަށް ބަދަލުވެ ނިމުނީއެވެ. މިގޮތަށް ހަމަޖެހުމުން ގޭގައިހުރެގެން ބާކީދުވަސްތައްގުނާ ނިންމާލެވޭނެއެވެ. މިވާހަކަތައް އެންގުމަށްފަހު ގެއަށް ގެނެސް ގޭގައި އިއުލާނެއް ޖަހާއިގޭގައި ބަންދުކުރީއެވެ. ހަންދުއާއިބިގޭ ހޮސްޕިޓަލަށް ފޮނުވާލީ ސަލާންގަލަންކޮށް ހަދާފައެވެ.

ގޭގައިހޭދަ ވެގެންދިޔަ ފުރަތަމަ ހިނދުކޮޅަކީ ވަރަށްގިނަ އިހްސާސްތައް ހިތުތެރޭގައި ހިނގަމުންދިޔަ ވަގުތުކޮޅެކެވެ. މާމަ، މަންމަ، ކޮއްކޮމެންގާތުގައި ގިނަވަގުތު ހޭދަކުރެވުނެވެ. އާދެ! މާލެއަށް ގެއަށްއާދެވުނީއެވެ. އަލްހަމްދުލިއްލާހީ އެވެ! އާދެ! މިރެއަކީ، 1413 ވަނަ އަހަރުގެ ރަމަޟާން މަހުގެފުރަތަމަ މުލަރޯދަހިފަން ޖެހޭރެއެވެ. މިރޭހާރުކާން ޖެހެއެވެ.

މާދަމާއަކީ މުލަރޯދަދުވަހެވެ. އެއީ، 22 ފެބްރުއަރީ އެވެ. ޒަމާންގަނޑަކަށް ފަހު، އަމިއްލަވަޒަނަށް އާދެވުނީއެވެ. ހީވަނީ މުޅިން އެހެން ވެއްޓެއްގައި އުޅެވޭހެންނެވެ. ރަތަފައާއި ތޭރަވާއާއި ކަނބިލި، ދޫނިތައް ފަޅޯގަސްތައް ވަޅުގައި ތިބި ގުރުވަތައް އިށީދެގެން އިންނަ ސަރަންފީ މަތިންވަރަށް ބޮޑަށް ހަދާންވެއެވެ. މިހުރިހާ ފިކުރެއްގައި އޮވެނިދުނީ ވަރަށް ލަހުންނެވެ. ފަތިސްވާން ކައިރިވެފައި ވަނިކޮށެވެ.

22 ފެބްރުއަރީ 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 792 ވަނަ ދުވަހެވެ. މިއަދަކީ ގޭބަންދުގެ ފުރަތަމަ ދުވަހެވެ. އަދި މިއަދަކީ، ހިޖްރީސަނަތުން، 1413 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ އެއްވަނަ ދުވަހެވެ. މުލަރޯދަ ދުވަހެވެ. ގޭގައިތިބި އެންމެންނާ ދައްކަންހުރި ވާހަކަތައް ދައްކާނިމުމުން އިތުރު ކަމެއް ނެތުނީމާ ފޫހިވާން ފަށައިފިއެވެ. މިއަދަކީ އެގޮތުން ވަރަށްފޫހި ދުވަހެކެވެ. ރޯދައަށް ހުރުމުންނާއެކު ގިނަވަގުތު ދުއްވާލީ އަރާމުކުރުމުގައެވެ.

މެންދުރުފަހުން ނިދިގަނޑެއް ވެސްދިޔައެވެ. ގިނަވަގުތުދަނީ ކުރީގެހަދާން ތަކުގައެވެ. ހޭނިފައިހުރީ ޖަލުގެއާދަކާދަ އަށެވެ. ގަސްތަކަށް ފެންދިނުގެ ކަންތަކަށެވެ. މޫދަށްއެރުމާއި ކުޅުމަށެވެ. ޖަލުގެ ދިރިއުޅުމަކީ، ގޭތެރެއާމުޅިން ތަފާތުއެހެން މާހައުލެކެވެ. މުޅިންތަފާތު ވެއްޓެކެވެ. ރޯދަވީއްލާ ނިމިގެން ނަމާދު ތަކަށްފަހު، ފެއްޓި މަސައްކަތަކީ، ޖަލުގެ ޔައުމިއްޔާތައް އިތުރަށް ރީތިކޮށް ލިޔާށެވެ.

އެއްބައި އަނެއްބަޔާއި ހުރިހާ ނޯޓުތަކަކައި ގުޅުވާލާއި ރީތިކޮށް ލިޔަންފެށީއެވެ. ކޮންމެދުވަހަކުވެސް އެދުވަހަކު ކުރިކަންތައް ނޯޓްކުރެވިފައި ހުރިވަރަކުން އެއްކޮށްލާއި މުޅިން އާފޮތެއްގައި ލިޔަންފެށީއެވެ. މިއަދު މިފެންނަނީ އެމަސައްކަތެވެ. ބައެއްޒުވާނުންނަށް މިއީވަރަށް ކަމުދާ އެއްޗަކަށް ވާނެކަން ކަށަވަރެވެ. ދިވެހި ތާރީޚަށްޓަކައި މިއީ އަޅުގަނޑު ކުރަން ޖެހޭނެ ކަމެކެވެ. ކިޔަވާ ކުދިން މިލިޔުންތަކުން ދިރާސާތައް ހެދުމަށެވެ.

23 ފެބްރުއަރީ 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 793 ވަނަ ދުވަހެވެ. ގޭގައިފޫހި ކަންމަތީގައި ހުންނަނީއެވެ. ވަގުތެއް ވާއިރަށް ލިޔަންފަށަނީއެވެ. ލިޔާނެ ބައިވަރު ސާމާނުތައް ހުއްޓެވެ. ޖަލުގެހަދާންތައް ނޯޓްކުރެވިފައިހުރީ އެއްފޮތެއްގައެއް ނޫނެވެ. ބައިވަރު ކަރުދާސް ތަކުގައެވެ. އަދި ޖަލުގައި ލިޔަންފެށި ފޮތުގައެވެ. މަޑުމަޑުން ގޭތެރޭގެ މައުހައުލަށް ހޭނޭތޯ ބަލަނީއެވެ. މާމަ ކައިރީގައި ވަރަށްގިނަ ވަގުތު ހޭދަ ކުރަމެވެ. މާމަ އަޅުގަނޑުދެކެ އާދަޔާޚިލާފަށް ލޯބިވާކަން އަޅުގަނޑަށް އެނގޭތީ މާމަކައިރީގައި ގިނަވަގުތު އުޅޭހިތްވަނީއެވެ. މާމަ ހެއްވާލާއި ކޮންމެވެސް ވާހަކައެއް ދަށްކާލާ ހަދަނީއެވެ.

24 ފެބްރުއަރީ 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 794 ވަނަ ދުވަހެވެ. ފޫހިދުވަހެކެވެ. ގޭތެރޭގެ މަސައްކަތްތައް ސެޓްވެގެންދާ ވަރަކަށް މަޑުމަޑުން އެބަހޭނެއެވެ. މިރޭ، 9:30 ގައި ރައްޔިތުންގެ މަޖިލިސް، 1993 ވަނަ އަހަރަށް ހުޅުވުމުގެ ރަސްމިއްޔާތު އޮތެވެ. ފެށުނީއްސުރެ ނިމެންދެން މިތަން ބަލަން ޓީވީދޮށުގައި އިނީމެވެ. ރައީސުލް ޖުމްހޫރިއްޔާގެ ޕްރެޒިޑެންޝަލް އެޑްރެސް ފުދޭވަރަކަށް ދިކުކޮށް އެއްވެވިއެވެ.

25 ފެބްރުއަރީ 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 795 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީބަންދު ދުވަހެކެވެ. ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވުމުގެ މުނާސަބަތުގައެވެ.

26 ފެބްރުއަރީ 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 796 ވަނަ ދުވަހެވެ. ގޭތެރޭގެ އާދަތައް މަޑުމަޑުން ހަމައަކަށް އެޅެންފަށައި ފިއެވެ. މިހާރު ފޫހިވެގެން އިންނާކަށް ނުޖެހެއެވެ. އިބުރޭއާ މިއަދު މަޝަވަރަކުރެވުނީ، ޖަވާހިރުވާދީގައި ހުންނަ ފިހާރަ، “އަލަންކާސްޓޯރު” ތަޅާލާފައި އެތާންގައި ހަދަން ވާހަކަދެކެވި ހުއްދަތައް ލިބިފައިވާ ވެހިކަލްދޮންނަ ގަރާޖުހަދަން ފެށުމާގުޅޭ ގޮތުންނެވެ. އިބުރޭވެސް މަންމަމެން ވެސްބޭނުންވަނީ އަވަހަށް ކުރަން އުޅޭކަމެއް ވިއްޔާކުރާށެވެ. އަވަހަށް މަސައްކަތް ފަށާށެވެ. ވަރަށްއަވަހަށް ފިހާރަތަޅާލައި ގަރާޖުހަދަން ފެށުމުގެ ނިޔަތް މިއަދުގަނެ އެމަސައްކަތް ވީހާއަވަހަށް ފެށުމަށް ނިންމުނެވެ.

27 ފެބްރުއަރީ 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 797 ވަނަ ދުވަހެވެ. ގެއަށްބަދަލު ކުރެއްވުމާގުޅިގެން ރައީސް މައުމޫނު އަރިހަށް މިއަދު ސިޓީއެއް ލިޔުނީމެވެ. މިސިޓީގެ ސްކޭންކޮޕީ ބައްލަވާލައްވާށެވެ. އަޅުގަނޑުގެ ސައިޓަށާއި ފޭސްބުކަށް ލާނަމެވެ. އަދި ހަންދުއާއި ބިގޭއަށް ސިޓީއެއް ލިޔުނީމެވެ. މިދެސިޓީ ދެސިޓީއުރައަށްލާފައި ޕްރިސަންސަށް މާދަމާފޮނުވާލާ ގޮތަށްތައްޔާރު ކުރީމެވެ.

28 ފެބްރުއަރީ 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 798 ވަނަ ދުވަހެވެ. ރަމަޟާން މަހުން، 7 ވަނަ ދުވަހެވެ. ޕްރިސަންސަށް ފޮނުވުމަށް ތައްޔާރުކޮށްފައިވާ ދެސިޓީ ޕްރިސަންސަށް މިއަދު ފޮނުވާލީމެވެ. ވަކިޚާއްސަކަމެއް ނެތެވެ.

1 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 799 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި، އަބްދުﷲ ހުސައިން ގެއަށް، ޖަވާހިރުވާދީއަށް ބަދަލުކޮށްފިއެވެ. އަނެއްކާވެސް ގެއަށް އިތުރުމީހަކަށް އާދެވުނީއެވެ. އޭނާގެ ހުކުމުން ބާކީއޮތްބައި ގޭގެބަންދަށް ރައީސް މައުމޫނު ބަދަލުކޮށް ދެއްވައިފިކަން އޭނާގެއަށް ގެނައުމުގެ ކުރިން އެންގެވިއެވެ. ޖަލުގެ ވަރަށްގިނަ ވާހަކަތައް ކިޔައިދިނެވެ. ގަސްތަކުގައި އެޅިފަޅޯތައް ކާންލިބޭވާހަކަ އަބްދުﷲ ހުސައިން ކިޔައިދިނީމާ އެއިންފަޅޯކޮޅެއް ކާލަންލިބޭނެނަމައޭ ވަރަށްހިތަށް އެރިއެވެ.

އަމިއްލައަތުން އިންދާއި ފެންދީގެން ހެއްދިގަސްތަކުން ކޮންމެވެސް ބަޔަކަށް ފައިދާލިބެމުންދާތީ ހިތްހަމަޖެހުނެވެ. އަޅުގަނޑަކީ އެގަސްތައް އިންދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެންމެގިނައިން ފެންދީ، ބަލަހައްޓާ ހެދިމީހާއެވެ. ކުރާނެކަމެއް ނެތެވެ. ކޮންމެވެސް ބަޔަކަށް އޭގެފައިދާ ލިބެންޖެހޭނެއެވެ. އެއީ އުފާކުރަންޖެހޭނެ ކަމެކެވެ. ބައެއްފަޅޯ އޮފީހަށް ގެންދާކަމަށް ވެސް، އަބްދުﷲ ހުސައިން ކިޔައިދިނެވެ.

2 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 800 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. އަބްދުﷲ ހުސައިން ގޭގައި ހުރުމާއެކު ދެމީހުންވެގެން ގަރާޖުހެދުމުގެ މަސައްކަތް މާދަމާފެށުމަށް ނިންމީމެވެ. އަދި އެކަމަށް ބޭނުންވާ ސާމާނު މާދަމާ މަސައްކަތް ފެށޭގޮތަށް އިބުރޭ ކައިރީގައި ހޯދައިދިނުމަށް ބުނީމެވެ. ކޮންމެ ސަތޭކައެއް ހަމަވާދުވަހަކީ، ފާހަގަކުރާ ދުވަހެކެވެ. އެހެނަސް ، 800 ހަމަވި ދުވަސް މިއައި ގޭގައިކަމުން މިފަހަރު ފާހަގަނުކޮށް ދޫކޮށްލީއެވެ. ޖަލުގައި ނިމިފައިވާތީއެވެ.

3 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 801 ވަނަ ދުވަހެވެ. ބިގޭއަށް ނޫސްބޮނޑިއެއް ފޮނުވީމެވެ. މިއަދު ހެނދުނު، ހަމަޖެހިލައިގެން ފިހާރަތަޅާލާއި ގަރާޖުހެދުމުގެ މަސައްކަތް އަޅުގަނޑާއި އަބްދުﷲ ހުސައިނާ އިސްކޮށް ތިބެގެންފެށީއެވެ. ތަންހުސްކޮށް ފުރާޅުރޫލާލަން ފެށުނެވެ. ރޭގަނޑުން ބޮޑުބައެއްގައި ވެސް ހާރުކާން ވަންދެން މަސައްކަތް ކުރީމެވެ. ދުވާލު މަސައްކަތް ފެށެނީ މެންދުރެއްހާ އިރުއެވެ. އެހެންވަނީ ރޯދަމަހަށް ވާތީއެވެ.

4 މާޗް 1993 ވީބުރާސްފަރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 802 ވަނަ ދުވަހެވެ. ފިހާރަތެޅުމުގެ މަސައްކަތް ރޭގަނޑައެކު ކުރިޔަށް ގެންދިޔައިމެވެ. ގިނަމަސައްކަތް ކުރަނީ އަޅުގަނޑާއި އަބްދުﷲ ހުސައިނެވެ. ރޭގަނޑު އިބުރޭއާއި އެހެންމީހުން ވެސް މަސައްކަތުގައި އުޅެއެވެ. މަންމަމެންވެސް ރޭގަނޑު ބައިވެރިވެއެވެ.

5 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 803 ވަނަ ދުވަހެވެ. ފިހާރަތެޅުމުގެ މަސައްކަތް ކުރިޔަށް ދިޔައެވެ.

6 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 804 ވަނަ ދުވަހެވެ. މިއަދު ވިންޓަރޝަރީފަށް ހައިކޯޓުން ހުކުމް އިއްވިއެވެ. އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މަޝްހޫރު ކެސެޓްރޯލާ ގުޅިގެން ދަށުކޯޓުން އިއްވާފައިވާ އެއްއަހަރުގެ ހުކުމްބާތިލްކޮށް ހަމަސްދުވަހަށް ބަދަލުކޮށް ހައިކޯޓުން މިއަދުހުކުމް އިއްވިއެވެ. މިމައްސަލާގައި ވިންޓަރަށް ކުޑަކުރިއެރުމެއް ލިބުނީއެވެ. ދަށުކޯޓުން އިއްވާފައިވާ އެއްއަހަރު ދުވަސް ހަމަހަށް ބަދަލުވީއެވެ. މިއީކުޑަކުވަރެއްގެ ކުރިއެރުމެކެވެ. ދެންހުރި ހުކުމްތަކަށް ބަދަލެއް އަންނާނެހެން ހިއެއްނުވެއެވެ.

7 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 805 ވަނަ ދުވަހެވެ. މިއަދަކީ ރައީސް މައުމޫނު ވިންޓަރަށް މައާފުދެއްވައި އިއްވިފައި ހުރިހުރިހާހުކުމް ތަކަކުން މިނިވަން ކުރެއްވި ދުވަހެވެ. މިކަމުގެ އަފަލުގައި މިއަދު ވިންޓަރު، ޖަވާހިރުވާދީއަށް އައިސް އަޅުގަނޑާ ބައްދަލު ކުރިއެވެ. ވިންޓަރަށް ޖަލަށް އިއްވާފައިވާ ހުކުމުންނާއި ހައިކޯޓުން، 6 މަހަށް އަރުވާލުމަށް އިއްވާފައިވާ ހުކުމައި، މިދެހުކުމުން ރައީސް މައުމޫނު މައާފުދެއްވި ވާހަކަ ބުނުއްވިއެވެ. ދެންއިތުރަށް ހައިކޯޓަށް ނުދާނެކަމާއި ހުރިހާކަމެއް މިނިމުނީކަމުގައި ވިންޓަރު ބުނުއްވިއެވެ. އަދި ވެސް މިލިބުނު އަނިޔާއަށް ބަދަލުހޯދުމަށް ކުރެވެންހުރި މަސައްކަތެއް ކުރައްވާނެ ކަމުގައި ވިންޓަރު ބުނުއްވިއެވެ.

8 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 806 ވަނަ ދުވަހެވެ. މިއަދަކީ ބަރަކާތްތެރި ރަމަޟާންމަހުން، 15 ވަނަ ދުވަހެވެ. ޖަވާހިރުވާދީގައި ހަރުކޮށްފައި ހުންނަ އިއުލާނު ނަންގަވައި ދެއްވާތޯ ރައީސް މައުމޫނަށް މިއަދު ސިޓީއެއް ލިޔެފައި ރައީސް އޮފީހަށް ރައްދުކޮށް ދެއްވުން އެދި ޕްރިސަންސަށް ފޮނުވާލީމެވެ. މިއިއުލާނާހެދި މިގެއަށް މީހުންވަދެ އުޅުމަށް ވަރަށް ބިރުގަނެއެވެ. ގެއަށްވަނުންމަނާ އިއުލާނެއް ޖަހާފައިހުއްޓާ ވަނުމަކީ ވެސް ކުށެކެވެ.

9 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 807 ވަނަ ދުވަހެވެ. މިއަދުރައީސް މައުމޫނު މަޣްރިބްކަރައަށް (މޮރޮކޯއަށް) ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތް ޚަބަރު ރޭޑިޔޯއާއިޓީވީން ކިޔެވެ.

10 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 808 ވަނަ ދުވަހެވެ. ގޭތެރޭގައި ހަދަމުންދާ ގަރާޖުގެ މަސައްކަތުގައި ގިނަވަގުތު އުޅުނީމެވެ.

11 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 809 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

12 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 810 ވަނަ ދުވަހެވެ. އަބްދުﷲ ހުސައިނާއި އަޅުގަނޑު އުޅެނީފުލްކޮށް ގަރާޖުހެދުމުގެ މަސައްކަތުގައެވެ.

13 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 811 ވަނަ ދުވަހެވެ. މިއަދު ހަންދުގެ ސިޓީއެއް ޖަލުންލިބުނެވެ. މަންމައަށް ސިޓީއަކާއި އަޅުގަނޑަށް ސިޓީއެއް އޮތެވެ. މިއަދު ކުރިއެއްކަމަކީ މަތިމަސް ކޮށާލައި ހިޓްލަރު މަތިމަހަކަށް ބަދަލުކޮށްލީއެވެ. މިގޮތަށް ބަދަލު ގެނައުމަށް ފަހު، ފޮޓޯއެއް ނެގީމެވެ. އަޅުގަނޑުގެ ސައިޓުންނައި ފޭސްބުކް އެކައުންޓުން ފެންނަން ހުންނާނެއެވެ. ބައްލަވާލައްވާށެވެ.

ހިޓްލަރު މަތިމަހުގައި

ހިޓްލަރު މަތިމަހުގައި

އެޑޯލްފް ހިޓްލަރަކީ އަޅުގަނޑު ގަބޫލުކުރާ ލީޑަރޝިޕެއް ގެންގުޅުއްވި ލީޑަރެކެވެ. ކިޔެވި ދުވަސްވަރު އޭނަގެފޮތްތަކާއި އޭނައާބެހޭ ގިނަލިޔުންތައް ކިޔާހެދީމެވެ. މިފަދަމީހުން ވެރިކަން ދަމަހައްޓަން ކުރި މަސައްކަތްތައް ރަނގަޅެއް ނޫނެވެ. ވަރަށް ޚުދުމުޚްތާރެވެ. އެހެނަސް މިފަދަ ލީޑަރުންގެ ލީޑަރޝިޕަކީ އަގުވަޒަން ކުރަންޖެހޭ، އަޅުގަނޑު ގަބޫލުކުރާ ލީޑަރޝިޕްތަކެވެ. އިބްރަތްލިބި ގަންނަންޖެހޭ ގިޔާދަތްތަކެވެ. މުއައްމަރުލް ގައްޒާފީ އާއި ސައްދާމު ހުސައިނުގެ ލީޑަރޝިޕަކީ ވެސް އަޅުގަނޑަށް މަގުބޫލު ގިޔާދަތު ތަކެވެ.

14 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 812 ވަނަ ދުވަހެވެ. ފިދާއާއިވިދާގެ ސިޓީއެއް މިއަދުލިބުނެވެ.

15 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 813 ވަނަ ދުވަހެވެ. ޖަލުންބިގޭގެ ސިޓިއެއް މަންމައަށް ލިބުނެވެ.

16 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 814 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

17 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 815 ވަނަ ދުވަހެވެ. މިއަދު ބިގޭއަށް، ޖަލަށްނޫސް ބޮނޑިއެއް ފޮނުވީމެވެ. ގޭގައި ހަދަމުންގެންދާ ގަރާޖުގައި ރޭންޕުހެދުމުގެ މަސައްކަތް މިއަދުކުރެވުނެވެ. ރެޔާއެކު ބޮޑުބައި ނިންމާލެވުނެވެ.

ގޭގައި ހަރުކޮށްފައި ހުރި އިއުލާނު ނެގުން:

18 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 816 ވަނަ ދުވަހެވެ. މިއަދުހެނދުނު، ޕްރިސަންސަށް އަޅުގަނޑާއި ކޮއްކޮ އަލީރަޝީދު ހުސައިން ގެންގޮސް އިސްތަފާ ބައްދަލު ކުރެއްވުމަށް ފަހު، ވަރަށްގިނަ ވާހަކަދެއްކެވިއެވެ. އަދި ރައީސް މައުމޫނު އަންގަވައިގެން ޖަވާހިރުވާދީގެ މައިދޮރާށީގައި ޑިފެންސް މިނިސްޓްރީން ހަރުކޮށްފައިހުރި އިއުލާނު މިއަދުން ފެށިގެން ނަގަނީކަމަށް ވިދާޅުވިއެވެ.

މިހާރުވެސް ދައްކަމުން ތިޔަގެންދަވާ ރީތިގޮތް ފަހުންވެސް ދަށްކަވާނެ ކަމުގެ އުންމީދުކުރައްވާ ކަމަށް އިސްތަފާ ވިދާޅުވިއެވެ. އަޅުގަނޑުމެން އާދޭހޭ ދެންނެވީމެވެ. މިވާހަކަތައް ނިމުމުން އަޅުގަނޑު މެންނާއެކު ޕްރިސަންސުގެ މުވައްޒަފަކު ގެއަށްދުރުވެ، އަޅުގަނޑުމެން ގެއަށްލުމަށް ފަހު، އޭނާ އެނބުރި ދުރުވީ، ގޭގައި ޑިފެންސުގެ ނަމުގައި ހަރުކޮށްފައިހުރި އިއުލާނު ނައްޓާލައިގެން ހިއްޕަވައިގެންނެވެ. އަޅުގަނޑުމެން ދެމީހުން ގެއަށްވައްދާފައި އޭނަދިޔައީ އިއުލާނު ހިފައިގެންނެވެ. މިއަދުންފެށިގެން ގެމިނިވަންވީއެވެ. ގޭގެކުށްވެރިކަން ފިލީއެވެ.

ޖަވާހިރުވާދީއަށް ވަންނަންބޭނުން މީހަކަށް ޑިފެންސުގެ ހުއްދައެއްނެތި ވަދެވޭގޮތަށް އަނެއްކާވެސް ޖަވާހިރުވާދީ ހުޅުވާލެވުނީއެވެ. ޖަވާހިރުވާދީ އަކީ އަބަދުވެސް އޭރުގެ ޑިފެންސް މިނިސްޓްރީ ވަރަށް ބިރުގަންނަ އަދި އަބަދުހެން ފާރަލާތަނެކެވެ. ޖަވާހިރުވާދީގެ ފޯނުނަންބަރާއި ޑިފެންސް މިނިސްޓްރީގެ ފޯންނަންބަރުތައް ވަރަށް އެއްގޮތް ވާނެއެވެ. އެއީއޮޅިގެން ވެސް ބައެއްކޯލްތައް އެމިނިސްޓްރީއަށް ލިބިދާނެކަމަށް ކޮށްފައިވާ ކަމަކަށް ވެދާނެއެވެ. ނުވަތަ އިއްތިފާގަކަށް ވެސް ވެދާނެއެވެ.

އެންމެކުރިން ޖަވާރިތުވާދީއަށް ލިބުނީ، 686 އެވެ. ދެންދީފައިހުރީ، 2708 އެވެ. ދެން، 322708 އެވެ. މިހާރުވެސް ޖަވާހިރުވާދީގެ މައިނަންބަރަކީ، 3322708 އެވެ. މިނަންބަރު އަބަދުވެސްހުރީ، އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަލްމަރްހޫމް ހުސައިން އިބްރާހީމް ފުޅުގެ ނަންމަތީގައެވެ. މިހާރުހުރީ އަޅުގަނޑު، އިލްޔާސް ހުސައިން އިބްރާހީމްގެ ނަންމަތީގައެވެ. ކޮންމެއަކަސް ގޭގައިހުރި އިއުލާނު ނައްޓާލައިގެން ގެންދަމުން ޕްރިސަންސްގެ މުވައްޒަފު އެއްވެސް އެއްޗެކޭ ނުބުނުއްވައެވެ.

19 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 817 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

20 މާޗް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 818 ވަނަ ދުވަހެވެ. ގަރާޖުގެ މަސައްކަތް ނިމުމަކާހަމައަށް ދަނީއެވެ. އަބްދުﷲ ހުސައިން ބޭނުންވަނީ މިމަސައްކަތް ނިމުނުހާއަވަހަށް އޭނާގެރަށަށް އަމިއްލަގޭގެ ގޭބަންދަށް ބަދަލުވާށެވެ.

21 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 819 ވަނަ ދުވަހެވެ. ގަރާޖްނިންމާލުމުގެ މަސައްކަތް ބާރަށްހިނގަމުން ދެއެވެ. އަބްދުﷲ ރަށަށް ބަދަލުވާން ޕްރިސަންސަށް ގުޅާލުމުން ސިޓީއެއް ލުމަށް ޖަވާބުގައި ބުންޏެވެ.

22 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 820 ވަނަ ދުވަހެވެ. މިއަދު ރައީސުލް ޖުމްހޫރިއްޔާއަށާއި މިނިސްޓްރީ އޮފް ޖަސްޓިސް އަށާއި ޕްރިސަންސް ޑިވިޒަނާ ހަވާލުވެ ހުންނެވި، އިސްތަފާ އިބްރާހީމް މަނިކަށް އެޑްރެސްކޮށް ވަކިވަކިން އެއިންކޮންމެ ފަރާތަކަށް ސިޓީއެއް ލިޔުނީމެވެ. މިސިޓީތައް ލިޔުމުގެބޭނުމަކީ ޓެރަރިޒަމްކުށަކީ، އަދި އެފަދަކަމެއް އެނގިހުރެ ނޭންގުމުގެ ކުށަކީ، ސިޔާސީކުށެއް ނޫންކަން ގާނޫނުއަސާސީން އަންގައިދޭތީ އެކަންފާހަގަ ކޮށެވެ.

އިއްވިފައިހުރި ހުކުމްތަކުގެ ދަށުން އަޅުގަނޑަކީ، ސިޔާސީ ކުށްވެރިއެއް ނޫންކަން އަންގައިދިނުމަށް ލިޔުނު ސިޓީތަކެވެ. ދިވެހިރާއްޖޭގެ ރޭޑިޔޯއިންނާއި ޓީވީގެޚަބަރު ތަކުންނާއި އިއްވުނު އިއުލާނުތަކުން އަޅުގަނޑު މެންނަކީ، ސިޔާސީކުށް ވެރިންގެ ގޮތުގައި ވާހަކަތައް ބިނާކުރެވިފައި ހުއްޓާ، އަޑުއިވިފައި އެބަހުއްޓެވެ. އެހެންވުމުން މިކަންސާފުކޮށް ދިނުންއެދި ލިޔުނު ސިޓީތަކެކެވެ. މިސިޓީތަކުގައި ސިޔާސީ ކުށްވެރިންނަކީ ޓެރަރިސްޓުންތޯ ސުވާލުކޮށްފައި ވާނެއެވެ.

ޓެރަރިޒަމް ގާނޫނަކީ، އަޅުގަނޑުމެން ފަދަ، ރާއްޖޭގެ އިސްލާހަށް މަސައްކަތްކުރި ވަކިބަޔަކު ހައްޔަރުކޮށް ސާބިތުކުރެވޭ ވަރަށް ސިފައިންލައްވާ އަނިޔާކޮށް ގަދަބާރުން ބަޔާންތައް ނެގުމަށް ފަހު، ރައީސް އޮފީހުން ރެއާދުވާލު މަސައްކަތްކޮށްގެން ރައްޔިތުން މަޖިލީހުން އަޅުގަނޑުމެންގެ މައްޗަށް ހުކުމް އިއްވުމަށް ހަދާފައިވާ ވަރަށް އަނިޔާވެރި ގާނޫނެކެވެ.

މިގާނޫނުގެކުރިން ހިނގާފައިވާ ކަންކަމަށް ހުކުމްކުރެވޭގޮތަށް ޚާއްސަ މާއްދާއެއް ލައިގެން ފާސްކޮށްފައިވާ ޓެރަރިޒަމް މަނާ ކުރާ ގާނޫނެކެވެ. އިލާހީޝަރީޢަތުގައި އަދި ގާނޫނީ އިލްމުގައި ކުރިންހިނގާފައިވާ ކަމަކަށް ފަހުންހަދާ ގާނޫނަކުން ހުކުމެއް ނީއްވޭނެއެވެ. އެއީ ޝަރީއަތުގައި ކަނޑައެޅިފައި އޮންނަ އުސޫލެކެވެ. އަދި ހަމަޖެހިފައި އޮންނަ އަސާސެކެވެ. އިލާހީއަމުރުތައް ވާރިދުވެފައި ހުރިގޮތެވެ. މިއީ ގާނޫނެއްގައި ލިޔެވިފައި އޮތަސް އިއްޒަތްތެރި ފަނޑިޔާރުންނާއި ގާޒީން ހުކުމްކޮށްގެން ވާނެގޮތެއްނޫނެވެ.

މިއީ މާސިންގާބޮޑު އޮޅުވާލުން ގަނޑެކެވެ. 1968 ގެ ގާނޫނުއަސާސީގައި ދެތަނެއްގައި ސިޔާސީ ކުށްވެރިންގެ ވާހަކަ އޮވެއެވެ. ފަހަރުގައި އޭގެކުރިން ބޭނުންހިފަމުން ގެންދިޔަ އަސާސީގައި ސިޔާސީކުށް ވަކިމާއްދާއަކުން ފާހަގަކުރެފިފައި އޮވެދާނެކަމަށް ލަފާކުރެވެއެވެ. ހަމަގައިމުވެސް ޓެރަރިސްޓުންނަކީ ކޮބައިކަން މީގެކުރިން ފާހަގަކޮށްފައެއް ނޯންނާނެއެވެ. އަދި ރާއްޖޭގައި އެފަދަބައެއް ލޭބަލްކޮށްފައެއް ވެސް ނެތެވެ.

ސަރުކާރުން ބަލަނީ، އަޅުގަނޑުމެންނަކީ ސިޔާސީ ކުށްވެރިން ކަމުގައެވެ. ކޯޓުންނާއި ޝަރުއީނިޒާމުގެ ތެރެއިން ބަލަނީ، އަޅުގަނޑުމެންނަކީ ޓެރަރިސްޓުން ކަމުގައެވެ. ރާއްޖޭގައި އަލަށް އުފެދުނު ޓެރަރިސްޓުން ކަމަށެވެ. އެހެންވެ މިސިޓީތައް އަޅުގަނޑު މިލިޔުނީ، މިކަންތައް ސާފުކޮށް ދެއްވުންއެދިއެވެ. އަޅުގަނޑަށް އަޅުގަނޑަކީ، ޓެރަރިސްޓެއްތޯ ނުވަތަ ސިޔާސީ ކުށްވެރިއެއްތޯ ރަސްމީކޮށް އެނގެން ބޭނުންވާތީ ލިޔުނުސިޓީ ތަކެކެވެ. ރަފްކޮށް ލިޔެފައި މިސިޓީތައް މާދަމާރީތިކޮށް ލިޔުމަށްފަހު، ފޮނުވާގޮތަށް މިއަދު މަޑުޖައްސާލީ އަދި އެއްފަހަރު މާދަމާކިޔާލުމަށް ފަހު، ފޮނުވާލުމަށެވެ. މިއީ މިއަދު މެންދުރު ކުރިންކުރި މަސައްކަތެވެ. މާދަމާ މިސިޓީތައް ފޮނުވާލާނީއެވެ.

މިވާހަކަތައް މަތީވެރިންނަށް ލިޔެލެވުނީމާ ވަރަށް ހިތްހަމަޖެހުނެވެ. މިސިޓީތަކުގެ ސްކޭންކޮޕީ ބައްލަވާލައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ސައިޓަށް އަޕްލޯޑުކުރާނަމެވެ. ރޯދަވީއްލައިގެން ނަމާދުތަކަށް ފަހު، ހަމަޖެހިލައިގެން، 9:30 އެހާކަންހާއިރު، އަޅުގަނޑު ބަންދުކުރިއިރު އަޅުގަނޑުގެ އެކުވެރިއެއް ކަމުގައިވާ، ޒަރާނާއަށް ފޯނުންގުޅާލީމެވެ. ޖަވާބުގައި ވަރަށްމަޖާކޮށް، މާޒީގެވާހަކަތައް ދެމީހުން ދެއްކީމެވެ.

ޒަރާނާއަކީ، އަޅުގަނޑު ބަންދުކުރިއިރު ޖިންސުންލަތީފުންގެ ތެރެއިން، އަޅުގަނޑާ އެންމެގާތް ރަހްމަތްތެރިޔާއެވެ. ޒަރާނާއަކީ، ފާތުމައިދީއާއި ޖަންބުދޮންމަނިކަށް ލިބިލައްވާފައިވާ ދަރިކަނބަލެކެވެ. އަމީނިއްޔާ ނިންމެވުމަށް ފަހު، އޭރުއުޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއެއްގައެވެ. މަޑުމައިތިރި މަތިވެރި އަޚްލާގެއްގެ އަހުލުވެރި ހިތްހެޔޮ މިޒާޖެއްގެ ރީތިބޭފުޅެކެވެ. ޖަލުގައި ހޭދަކުރި ދުވަސްތަކުގައި އަބަދުވެސް އަޅުގަނޑުގެ މިއެކުވެރިޔާގެ މަތީންހަދާން ކުރީމެވެ. އެބޭފުޅާއަށް ހެޔޮދުއާ ކުރީމެވެ. ﷲގެ ހެޔޮރަހްމަތަށް އެދުނީމެވެ.

ފޯނުން، ޒަރާނާ ވިދާޅުވިގޮތުގައި ހުރިހާކަމެއް ވެސް މުޅިން ރަނގަޅެވެ. މަންމަ އަދި ބައްޕަގެ ހާލުކޮޅުވެސް މުޅިން ރަނގަޅެވެ. އަޅުގަނޑުގެ ހެޔޮދުއާއާއި ސަލާމް ޒަރާނާގެ މަންމައާއި ބައްޕައަށް ބެނެދޭނެކަމަށް ވިދާޅުވެ މިވާހަކަތައް ނިންމާލީ ފަހުންގުޅާގޮތަށެވެ. އާދެ! އަޅުގަނޑު ބަންދުކުރީ، 1990 ވަނަ އަހަރުގެ ނޮވެންބަރ، 8 ވީދުވަހުގެރޭ ޒަރާނާމެންގެއިން ނުކުމެގެން ޖަވާހިރުވާދީއަށް އައިސްވަތްތަނާއެވެ.

މިއީ މަންތިރި މަޖައްލާގެ މައްސަލައަށް ސުވާލުކުރަން ގެންދިޔަރެއެވެ. އޭރު އަޅުގަނޑު ބަލާއައިސް ޖަވާހިރުވާދީގައި ސިފައިންގެ މީހަކުހުއްޓެވެ. އަދިވެސް މިއުޅެނީ އެފަހަރު ގެންދިޔަގޮތަށް މިނިވަންނުވެއެވެ. މަންތިރި މައްސަލައިން މިކަންތައް ގަނޑަށް ބަދަލުކުރަން ވެގެން ދެދުވަހަކަށް ގޭބަންދަށް ގެންގޮސް މިނިވަން ނުކޮށް ދޫނިދޫއަށް އަނެއްކާވެސް އަނބުރާ ގެނައިގޮތަށް އަދިވެސް މިހުންނަނީ އެބަންދުގައެވެ.

އެރެއަށްފަހު، ޒަރާނާއައި ބަހެއް މިބުނެލެވުނީ، 820 ވަރަކަށްދުވަހަށް ފަހުގައެވެ. އުފާވިރެއެކެވެ. ކުރިޔެކޭއެއްގޮތަށް އެކުވެރިޔާގެ ވާހަކަތައް ފޯނުންނަމަވެސް އިވުމުންނެވެ. ﷲއަށް ޝުކުރުވެރި ވީމެވެ. އަލްޙަމްދުލިއްލާހި! ޒަރާނާ އަޅުގަނޑާ ދޭތެރޭގައި އެއްވެސް ނޭއްގާނީގޮތެއް އަދި ރުޅިވެރިކަމެއް ނުބަހައްޓަވައި ހަމްދަރުދީއާއެކު، ކުރިއެކޭ ވެސް އެއްގޮތަށް ވާހަކަ ދެއްކެވީމާއެވެ. އެހެނަސް ހިތުގެއަޑީގައި ހުރި އުދާސްތަކެއް ކިޔައިނުދެވިގެން އުޅުނުހެން އެވާހަކަތަކަށް ފަހުން ވިސްނާލުމުން ހީވިއެވެ. މިރޭދެން އިތުރު ކަމެއްނުކޮށް އޮށޯތީ ނިދާށެވެ. ރޯދަމަސް ނިމޭހިސާބަށް ގޮސްފައިވާތީ ނިދާލާފައި ދަންވަރުހޭލާށެވެ. ބައެއްރޭރޭ ދަންވަރު ފަތިސްވަންދެން ހޭލާއިންނަމެވެ. ލިޔެހަދާށެވެ.

23 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 821 ވަނަ ދުވަހެވެ. މިއަދު އަވަސްވެގަތީ އިއްޔެލިޔުނު ސިޓީތައް އަލުންކިޔާލައި ރަނގަޅުކޮށްލަން ޖެހޭތަންތަން ރަނގަޅުކޮށްލާއި ރީތިކޮށްލިޔާށެވެ. މެންދުރުކުރިން މިކަންތައް ނިންމާލުމަށް ފަހު، މިސިޓީތައް ޕްރިސަންސް ޑިވިޒަނަށް ހަވާކުރީމެވެ. ރައީސް މައުމޫނުގެ ސިޓީއާއި ޖަސްޓިސްގެ ސިޓީއެފަރާތްތަކަށް ރައްދުކޮށް ދެއްވުންއެދިއެވެ.

މާދަމާއަކީ ހިޖްރީސަނަތުން، 1413 ވަނަ އަހަރުގެ އީދުލްފިތްރި ދުވަހެވެ. ރޭގަނޑު، 9:00 އެހާކަންހާއިރު ޕްރިސަންސުގައި އުޅުއްވާ ނަސީރު، އެތާނގެބަހުގައި ޖަވާހިރުވާދީއަށް އައިސް، އަޅުގަނޑުގެ ކޮއްކޮ އަލީރަޝީދު ހުސައިން ޕްރިސަންސަށް ގެންދިޔައެވެ. މިކަމާގުޅިގެން މަގުމައްޗަށް ނުކުތްއިރު މިވޭނުގައި މަޖީދުގޭ ޓިއުޝަންކްލާސް ހިންގަވާ މަޖީދުސަރ އާއި މ.ލިލަކް އާދަމްފުޅު އެވޭނުގެ ތެރޭގައި އިންނެވިއެވެ.

މިވެރިން މިގެންދަނީ، ކުޑައީދުގެ މުނާސަބަތުގައި މިނިވަންކޮށް ދޫކޮށްލަންކަން އެނގުނެވެ. މިތިންމީހުން ޕްރިސަންސަށް ގެންގޮސް ވާހަކަދައްކާލައި ހެދުމަށްފަހު، ރައީސް މައުމޫނުގެ ހެޔޮފުޅުކަމުން މިނިވަންކޮށް ދެއްވީކަން އަންގައި ދޫކޮށްލެއްވީ އެވެ. މާގިނައިރުތަކެއް ނުވެ، މިނިވަންވެގެން އަލީގެއަށް އަތުވެއްޖެއެވެ. އުފާވެރިރެއެކެވެ. މަންމަވަރަށް އުފާކުރެއްވި ރެއެކެވެ. އެނެއްކާވެސް ބަޔަކަށް މިނިވަންކަން ލިބުނީއެވެ. އަދި ހަމަމިރޭ މ.އޮމަދޫ އިލްޔާސް އަބްދުއްﷲ ވެސް މިނިވަންކޮށް ދޫކޮށް ލެއްވިއެވެ. މިއެންމެން މިރޭމިނިވަން ވީއެވެ.

24 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 822 ވަނަ ދުވަހެވެ. މިއަދަކީ ކުޑައީދު ދުވަހެވެ. ރޭގަނޑު ވަގުތެއްގައި ނައްޓުގެ މަންމަ މުނީރާ، އަޅުގަނޑާ ބައްދަލުކޮށްލަން މިގެއަށް ދުރުވިއެވެ. މުނީރާއަކީ، އޮގަރުމުހަންމަދު ފުޅުގެދޮށީ އަނބިކަނބަލުންނެވެ. ނައްޓުއަކީ، އަޅުގަނޑުގެ ޒަމާންވީ ވަރަށްގާތް ފްރެންޑެކެވެ. އެކުވެރިއެކެވެ. އެގޮތުން އެއީ ވަރަށްގާތް ފެމެލީއެކެވެ.

25 މާޗް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 823 ވަނަ ދުވަހެވެ. މީގެދެތިން ދުވަހެއްކުރިން، ޒަކަރިއްޔާޖަމީލްގެ ދަރިފުޅު ސައުދުއްﷲ ޖަމީލް (ބޮންޑު) މިނިވަންކޮށް ދޫކޮށްލި ޚަބަރުލިބުނެވެ. ބޮންޑު މިދޫކޮށްލީ ހުކުމެއްނީއްވާ މިވީހާތައް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުގައި ކަމަށްވެއެވެ.

26 މާޗް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 824 ވަނަ ދުވަހެވެ. އަދިވެސް ހުންނަނީ ރޯދައަށެވެ. ޝައްވާލުމަހުން، 6 ރޯދަފުރިހަމަ ކުރުމުގެ ނިޔަތުގައެވެ.

27 މާޗް 1993 ވިހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 825 ވަނަ ދުވަހެވެ. ގަރާޖުގެ މަސައްކަތް މުޅިންހެން ނިމިއްޖެއެވެ.

28 މާޗް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 826 ވަނަ ދުވަހެވެ. ގޭގައިހުރި އިއުލާނު ނަންގަވައިދެއްވާއި ކޮއްކޮ އަލީރަޝީދު ހުސައިން މިނިވަންކޮށް ދޫކޮށްލަ ދެއްވިތީ ޝުކުރުދަންނަވައި ރައީސް މައުމޫނަށް މިއަދު ސިޓީއެއްލިޔެ ޕްރިސަންސަށް ރައްދުކޮށް ދެއްވުންއެދި ލީމެވެ.

29 މާޗް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 827 ވަނަ ދުވަހެވެ. މިއަދަކީ، 6 ރޯދަހަމަވާ ދުވަހެވެ.

30 މާޗް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 828 ވަނަ ދުވަހެވެ. މިއަދަކީ ހަރޯދަވެރިންގެ އީދުދުވަހެވެ. ބަރާބަރަށް ހަރޯދަހިފީމެވެ. އަދި ދުނިޔޭގައި ހުރިހާދުވަހަކު ކޮންމެރަމަޟާން މަހެއްގެ ހަރޯދަހިފުމަށް ހިތުގެއަޑިން ނިޔަތްގަނެ އަޒުމް ކަށަވަރުކުރީމެވެ. އަދި އެއްވެސް ނަމާދެއްނާޅާ މުޅިއުމުރުގައި ދެމިހުރުމަށް ހިތުގެއަޑިން ނިޔަތްގަނެ އަޒުމްކަށަވަރު ކުރީމެވެ. މިއަދު އަސުރުނާމާދަށް ފަހު، ﷲ އަށް، މިއަޅާގެ މުޅިއުމުރުގައި ރަމަޟާންމަހުގެ ފަރުޟުރޯދައާއި ޝައްވާލުމަހުން، 6 ރޯދަހިފުމުގައި ދެމެހެއްޓެވުމަށް އެދި ދުއާދެންނެވީމެވެ. މިއީ، ﷲއަށް އަޅުގަނޑުވީ ވައުދެކެވެ. އޭ! ﷲ އެވެ! މިދެއަޅުކަމުގެ މަތީގައި މިއަޅާމުޅިއުމުރަށް ދަމަހައްޓަވާށިއެވެ! އާމީން!

31 މާޗް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 829 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނުހިނގައެވެ. އާދައިގެމަތީން ގޭގައިހުރީއެވެ. މިއަދު ކޮޅުބުގައިހުންނަ އީރާނުގެ އެންބަސީން އަޅުގަނޑާ ގުޅިއެވެ. އެއީ އެއެންބަސީގައި ކަލްޗަރަލް އެޓާޗޭއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަޅުގަނޑުގެ ރަހްމަތްތެރިޔާ އައްސައްޔިދު ސާބިގީ ރާއްޖެއަށް މިއަދުގެ ވަގުތެއްގައި ވަޑައިގަންނަވާތީއެވެ.

މީނާއަކީ ކުރީގައި އެންބަސެޑަރަކަށް ހުންނެވިބޭފުޅާ އަޅުގަނޑާ ރައްޓެހިކޮށް ދެއްވި ބޭފުޅެކެވެ. އަދި މާލެއަށް މިވަޑައިގަންނަވަނީ ފުރަތަމަ ފަހަރަށެވެ. އަޅުގަނޑު ސިޔާސީ ބަންދެއްގައި ހުރިކަމާއި އެހެނަސް އަޅުގަނޑުގެ ރަހްމަތްތެރިއެއް ކަމުގައިވާ ސިޔާސީބޭފުޅެއް އެއާޕޯޓަށް މަނިކުފާނާ ބައްދަލުކުރުމަށް ފޯނުވާނެ ވާހަކަ ދެންނެވީމެވެ. އަދި އޭނާގެ ނަމަކީ، މިސްޓަރ އާދަމްރަޝީދު އަހްމަދު ކަމާއި އޭނާގެ ނަންބަރުވެސް އެންބަސީއަށް އެރުވީމެވެ.

1 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 830 ވަނަ ދުވަހެވެ. މިއަދު، ހަންދުއާއިބިގޭއާ ބައްދަކުކުރުމަށް، މަންމައާއި އިބުރޭއާއި އަލީ ގާމާދޫޖަލަށް ދިޔައެވެ. އެދެމީހުންގެ ހާލުރަނގަޅެވެ. ޖަލުގެ ކަންތައް ރަނގަޅުކަމުގެ ޚަބަރުގެނެސްދިނެވެ.

2 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 831 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގޭގައިހުރީއެވެ.

3 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 832 ވަނަ ދުވަހެވެ. މިއަދުމަންމަގެ ނަމުގައި ރައީސް މައުމޫނަށް، ހަންދުއާއިބިގޭ ގެއަށްބަދަކު ކޮށްދެއްވުން އެދި ސިޓީއެއްލިޔެ ރައީސްއޮފީހަށް ފޮނުވާލީމެވެ.

4 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 833 ވަނަ ދުވަހެވެ. މިއަދަކީ، އަޅުގަނޑުގެ ރަހްމަތްތެރިޔާ، އައްސައްޔިދު ސާބިގީ މާލެއިން ފުރާވަޑައިގަންނަވާ ދުވަހެވެ. ގޭގައި އިއުލާނުނެތް ނަމަވެސް އޭނާއަޅުގަނޑުގެ ގެއަށް ގެނައުމަށް ދައުވަތު ނާރުވަމެވެ. މާލޭއެއަރޕޯޓުން ގ.ތަލްވާރުގޭ އަދާމަރަޝީދު، ސާބިގީއާ ބައްދަލުކުރެއްވި ގޮތަށްއޭނާ މާލެއިންފުރާ ވަޑައިގަންނަވަންދެން އޭނާއަރިހުގައި އަޅުގަނޑުގެ ފަރާތުން އުޅުއްވިއެވެ.

އާދަމްރަޝީދު އެއަރޕޯޓުން އަޅުގަނޑާގުޅިއެވެ. އަދި ސާބިގީއާ އަޅުގަނޑު ވާހަކަދެއްކީމެވެ. އެއަރޕޯޓުން މާލެދުރުވެ އާދަމްއައީ އަޅުގަނޑުގެ ގާތަށެވެ. ޖަވާހިރުވާދީއަށެވެ. އަޅުގަނޑަށް ސާބިގީ ގެނެސްދެއްވާފައިހުރި ބައިވަރު ހަދިޔާ އަޅުގަނޑަށް ގެނެސް ދެއްވިއެވެ. އޭގެތެރޭގައި ފޮނިތޮށި ކޮތަޅަކާއި ކަރަންފޫކޮތަޅަކާއި ވަރަށްރީތި ޚަތިމަކާއި ފާރުގައި ބަހައްޓާލޯގަނޑަކައި އެހެން ބައެއްތަކެތި ހިމެނެއެވެ. މިތަކެތި، އާދަމް އަތުގައި އަޅުގަނޑަށް ގެއަށް ފޮނުއްވިއެވެ. މިލޯގަނޑު އަދިވެސް އަޅުގަނޑުގެ ކޮޓަރީގެ ފާރުގައި ހުންނާނެއެވެ.މަންތިރި ޗާޕުކޮށް މާލެގެނައުމުގައި ސާބިގީއަކީ ވަރަށްއެހީތެރި ވެދެއްވި ބޭފުޅެކެވެ.

އަދި ރޭގަނޑު ވަގުތެއްގައި އަބްދުﷲ ހުސައިން ރަށުގެ ގޭބަންދަށް ބަދަލުކޮށް ދެއްވާތޯ އެދިފައިވާތީ، އެކަންހަމަޖެހިގެން ފުރުވާލުމަށް ގެންދިޔައެވެ. އިރުކޮޅަކު ޕްރިސަންސްގައި ބޭންދުމަށް ފަހު، ގެންގޮސްބޯޓަށް ލީއެވެ. އަބްދުﷲ ހުސައިނުގެ ރަށުގޭގައި ވެސް އިއުލާނު ބަހައްޓާނެކަން އެންގިއެވެ. އަދިރޭގެ ވަގުތެއްގައި މ.ހުދުއަސުރުމާގެ މުހަންމަދުއާދިލް ޕްރިސަންސަށް ގެންގޮސް، މިނިވަންކޮށް ދޫކޮށްލީ، އަބްދުﷲ ހުސައިން އެއޮފީހުގައި އިންދައެވެ. މިޚަބަރު ވަގުތުން އަޅުގަނޑުމެންނަށް ޖަވާހިރުވާދީއަށް ލިބުނެވެ.

5 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 834 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ގިނަވަގުތު ހޭދަކުރީ ލިޔެކިޔުމުގެ މަސައްކަތެވެ.

6 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 835 ވަނަ ދުވަހެވެ. މިއަދުވެސް ގިނަވަގުތުހޭދަކުރީ ލިޔެކިޔުމުގެ މަސައްކަތުގައެވެ. ބޭރުގައި ހުންނެވި ބޭފުޅެއްގެ އެދުމަކަށް ޖަލުގެޚަބަރުތަކާއި އެމައުހައުލުގެ ކަންތައް ހުރިގޮތުގެ ރިޕޯޓެއް ހެދުމުގެ މަސައްކަތުގައެވެ.

7 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 836 ވަނަ ދުވަހެވެ. މިއަދު މިނިސްޓްރީ އޮފް ޖަސްޓިސްއަށް ލީސިޓީގެ ޖަވާބު ދެއްވިއެވެ. ވިދާޅުވެފައި ވަނީ، “ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުހުށަހެޅުމުން އެދިރާސާކޮށްފައިނޫނީ ފުރިހަމަ ޖަވާބެއް ދެވޭކަށްނެތް” ކަމަށެވެ. މިއީ ސިޔާސީކުށް ވެރިއެއްތޯ ނުވަތަ ޓެރަރިސްޓެއްތޯ ކަނޑައަޅައި ދެއްވުމަށް ލީސިޓީގެ ޖަވާބެވެ.

އަޅުގަނޑު ބޭނުންވަނީ، ސަރުކާރުން އަޅުގަނޑަކީ، ސިޔާސީ ކުށްވެރިއެކޭ ރަސްމީކޮށް ލިޔުމުން ބުނުވާށެވެ. މިޖަވާބަކީ، ވަރަށް ރޭވުމަށްފަހު ދެއްވި ސިޔާސީ ޖަވާބެއްކަން ކަށަވަރެވެ. މިރޭ، 10:30 އެހާ ކަންހާއިރު ހަމަޖެހިލައިގެންއޮވެ، ދެވަނަ ފަހަރަށް، ޒަރާނާއާ ގުޅީމެވެ. ތަންކޮޅެއް ގިނައިން ވާހަކަދައްކާ ލުމުގެ ނިޔަތުގައެވެ. ވަރަށްދިގުކޮށް ވަރަށްގިނަ ވާހަކަދެއްކުމަށް ފަހު، އިލްޔާސަށް ވީނުވީގޮތެއް ނޭގުނީމާ މިހާރުމިއުޅެނީ، މ.ރަތްވިލާގޭ އަހްމަދުއާސިފު ކިޔާކުއްޖަކާ ރަށްޓެހިވެގެން އިންނާށޭ ބުނެދިނެވެ.

އަދި، މިހާރުއޮތީ އިންނާނެ ދުވަހެއް ކަނޑައެޅި ހުރިހާކަމެއް ހަމަޖެހިފައި ކަމަށް ވެސް ބުންޏެވެ. މިވަގުތަކީ އަޅުގަނޑުގެ ހިތުތެރެއަށް އެހެންކަހަލަ އިހްސާސްތަކެއް ވަދެގެންދިޔަ ހިނދުކޮޅެކެވެ. ކަންވާނީ ވެސް އެހެންނެވެ. އަސަރުތަކެއް ކުރިއެވެ. އަދިކުރީރޭ ގުޅީމައި އިލްޔާސް ކައިރީގައި އެވާހަކަބުނަން ނުކެރުނީ ކަމަށް ބުނެދިނެވެ. މިކަމުގައި ޒަރާނާގެ ގޯހެއްނެތްކަން އަޅުގަނޑު ގަބޫލުކުރަމެވެ. ގުދުރަތް ނިޔާ ކުރިގޮތް ކަމުގައި ނިންމީއެވެ.

އަޅުގަނޑަކީ އަބަދުވެސް ތާއަބަދަށް ޒަރާނާގެ ރަހްމަތްތެރި އެކެވެ. ގާތްއެކުވެރިއެކެވެ. އިންޝާﷲ އޭ ބުނެ ވުނެވެ. ލޯބިވެރިއެއް ނޫނެވެ. އަދި އިންނަންއުޅޭ ކުއްޖަކީ، އެގެއާކައިރި ހިސާބެއްގައި ހުންނަ މަޖީދީމަގު، 70 ނަންބަރު ފިހާރައިގެ ވެރިމީހާގެ ދަރިފުޅެއްކަން ބުނެދިނެވެ. މިހާރު ގިނަވަގުތުގައި ސޭޓަކަށް އިންނާނީ އޭނަކަމުގައި ބުނެދިނެވެ. އަދި އެއީ އާސިފުކަމަށް ބުނެދިނެވެ. މިކުއްޖަކީ، ރަތްވިލާކަޅުބެގެ ދަރިފުޅެކެވެ. މިމީހުންނަކީ، އަޅުގަނޑުގެ މާމަފުށުން، ތ.ކަނޑޫދޫ ފަޅިން، އަޅުގަނޑު މެންނާ ތިމާގެ ބައެކެވެ. ކަޅުބެއަކީ އަލިބެ (އަލީއަބްދުﷲ) ގެ މަންމަ ދައިތައާ ވަރަށް ތިމާގެމީހެކެވެ.

8 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 837 ވަނަ ދުވަހެވެ. ގިނަވަގުތު ހޭދަކުރީ ލިޔުމުގައެވެ.

9 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 838 ވަނަ ދުވަހެވެ. ބިގޭއަށް ނޫސްބޮނޑިއެއް ފޮނުވީމެވެ.

10 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 839 ވަނަ ދުވަހެވެ. މިއަދު އެޑޮލްފްހިޓްލަރ ވައްތަރުގެ މަތިމަސްބާލާއި ތުނބުޅިވެސް އެކުގައި ބާލާލީމެވެ. ހުންނަވަށްތަރު ބަލާލާށެވެ. މިއަދު މިގޮތަށްހުރެ ފޮޓޯނެގީމެވެ.

17 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 846 ވަނަ ދުވަހެވެ. މިދިޔަ، 6 ދުވަހުކުރި މަސައްކަތަކީ މުޅިންވެސް ލިޔެކިޔުމުގެ މަސައްކަތެވެ. މިއަދުހަވީރު ތުރުކީގެ ރައީސް ތުރުގަތްއޮޒާލޭ އަވަހާރަވެގެން ރާއްޖޭގައި އެކަމުގެ ހިތާމަ ރަސްމީކޮށް ފާޅުކުރުމަށް ނިންމެވި ޚަބަރުރޭޑިޔޯއިން އިވުނެވެ.

18 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 847 ވަނަ ދުވަހެވެ. ތުރުގަތް އަވަހާރަވުމާ ގުޅިގެން އެމުނާސަބަތުގައި މިއަދަކީ ރަސްމީބަންދު ދުވަހެކެވެ.

19 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 848 ވަނަ ދުވަހެވެ. އިއްޔެއާއިމިއަދު އަދި މާދަމާ ދިވެހި ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓުމަށް ސަރުކާރުން ނިންމަވާއި އެކަންކުރެއްވި ޚަބަރުރޭޑިޔޯއިން ކިޔެވެ. މިކަންތައް ސަރުކާރުން ކުރެއްވީ އިސްލާމީ ގައުމެއްގެ ރައީސަކަށް ތުރުގަތްއޮޒާލޭ ވާތީއެވެ.

20 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 849 ވަނަ ދުވަހެވެ. މިއަދު މަންމައާއި އިފްހާމާއި އަލީއާއި އަންދިއާއި ނީޝާން، މިއެންމެން ބ.އޭދަފުށީގައި ތިބެފައި ގެއާގުޅިއެވެ. އަޅުގަނޑު ވެސް ވާހަކަދެއްކީމެވެ. މާދަމާ މާލެއަށް އަންނަ ވާހަކަ ބުންޏެވެ. މިއީ މަޖަލަށް އަންދިއާއެކު އަންދިގެ ރަށަށްކޮށްލި ދަތުރެކެވެ.

21 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 850 ވަނަ ދުވަހެވެ. ގަވައިދުން ކަސްރަތުކުރަން އާދަވެފައިހުރީމާ ކަސްރަތު ކުރުމުގެ އާދަހިފާފައި ހުރުމުން، ގޭގައިވެސް ކަސްރަތު ކުރަން ފަށައިފީމެވެ. ކުރިންވިއްޔާ ގަރާޖްހެދުމުގެ މަސައްކަތުގައި އުޅޭތީވަރަށް ކަސްރަތު ލިބެއެވެ. އެހެނަސް މިހާރު އަބަދުވެސް ލިޔެކިޔުމުގެ މަސައްކަތުގައި އަބަދު އިށީނދެ އިންނާތީ ވަރަށް ކަސްރަތު ބޭނުންވެއެވެ. އެދުވަސްވަރު އަބަދުވެސް ގިނައިން އަޅުގަނޑު ކޮށްއުޅެނީ ޔޯގާގެ އެކި ކަސްރަތުތަކެވެ.

22 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 851 ވަނަ ދުވަހެވެ. ފަތިސް ނަމާދަށްފަހު، ކަސްތަރުކުރީމެވެ. ބޮޑަށް ބޭނުންކުރީ ޔޯގާގެ ވަށްތަރުތަކެވެ.

23 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 852 ވަނަ ދުވަހެވެ. އާދައިގެ މަތިން ދިޔަ ދުވަހެކެވެ.

24 އޭޕްރީލް 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 853 ވަނަ ދުވަހެވެ. މިއަދު ގިނަވަގުތު ހޭދަކުރީ “މަންގަތަލައް ސާދާތު” މިފޮތް ކިޔުމުގައެވެ. މިއީ މިސުރުގެ ނޫސްވެރިޔަކު، ސާދާތު މަރާލިމީހުން ޖަލުގައިތިބި ދުވަސްވަރު އެމީހުންނާ ކުރި އިންޓަރވިއޫތަކުގެ މައްޗަށް އަރަބިބަހުން ލިޔެފައިވާ ފޮތެކެވެ. ޚާލިދު އިސްލާމްބޫލީ އޭކިޔުނު ޒުވާން ސިފައިންގެ އޮފިސަރެއް ސާދާތުމަރާލުމަށް ނިޔަތްގަނެ އެކަންތައް ތަންފީޒުކުރުމަށް މަސައްކަތްފެށި ދުވަހަކީ، އަންވަރުއްސާދާތު އިޒުރޭލުމީހުން އަރަބިންގެ އަތުން، ގަދަކަމުން ފޭރިގަނެ، އަތުލައިގަނެގެން އުޅޭ އިސްރާއީލުގެ ބިމަށް ޒިޔާރަތްކޮށް ޔަހޫދީންނާއެކު ގުޅުންއެފެއްދި ދުވަހުން ފެށިގެންނެވެ.

ޚާލިދު ބުނެފައިވާ ގޮތުން، އޭނާ މިކަންތައް އަމަލީސިފައަކަށް ގެނައުމަށް ނުކުތީ، ﷲއަށް ދުއާދެންނެވުމަށް ފަހު، ޖިހާދުކުރުމުގެ މަތިވެރި ނިޔަތުގައެވެ. އަދި މިމަސައްކަތައް ދުވަހުން ދުވަހަށް ދިޔައީ މަގުފަހި ވަމުންކަމަށް އޭނާއަށްހަވާލާދީ މިފޮތުގައި ލިޔެފައި ވެއެވެ. އެންމެފަހު ދުވަހު، އަންވަރުއްސާދާތު މަރާލެވުނު، ޕެރޭޑަށް ނުކުތްއިރު ޚާލިދާއި އޭނާގެ އެކުވެރިން، ދިރޭވަޒަންތަކާއި އަމާޒަށް ޖަހަން ބޭނުންކުރާބަޑި ފޮރުވާފައިއޮތް ޖީޕުފާސްކޮށް ބެލި އިރި އޭނާ އިނީ، ﷲއަށް ދުއާކުރުން މަތީގައި ކަމަށް އޭނާ ނޫސްވެރިޔާ އަށް ބުނެދީފައިވާ ކަމަށް އެފޮތުގައި ލިޔެފައިވެއެވެ.

އަދި ޚާލިދުގެ އަތުލިޔުންތައް އެފޮތުގައި ފޮތްލިޔުނު ނޫސްވެރިޔާ ހިމަނާފައިވެއެވެ. އެޖީޕަށް ފާސްކުރަންއެރި ސިފައިން ޖީޕުތެރެ ފާސްކުރުމުގެ ގޮތުން ބަލާލައިފާ އެނބުރިދިޔައީ ޚާލިދަށް އުފާވެރި ދުވަހަކަށް އެދެމުންނެވެ. އަދި އޭނާ މިޕެރޭޑަށް ނުކުތުމަށް ސިފައިންގެ ކޭމްޕަށް އައިމަގުމަތީގައި އޭނާގެޖީބުގައި އެންމެފަހުންހުރި ފައިސާކޮޅު ފަގީރަކަށް ސަދަގާތް ކުރުމުން އެނިކަމެތި މީހަގެ ދުއާއަކީ، ވެސް ޚާލިދު ތިޔަކުރާ މަސައްކަތުގައި، ﷲ ބަރަކާތް ލެއްވުމެވެ. ޚާލިދަށް، ﷲ ކާމިޔާބު ކުރައްވާއި މާފުދެއްވާށިއެވެ! އާމީން!

25 އޭޕްރީލް 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 854 ވަނަ ދުވަހެވެ. މިއަދު ސިސިލްފަރު ނައްޓުއާ ގުޅައިގެން ވަރަށްގިނަ ވާހަކަތައް ދެއްކީމެވެ. މިގެއަށް ޖައްސާލާނަމޭ ނައްޓު ބުންޏެވެ.

26 އޭޕްރީލް 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 855 ވަނަ ދުވަހެވެ. ފަތިސް ނަމާދަށް ފަހު، ގަވައިދުން ކޮންމެ ދުވަހަކުވެސް ޔޯގާކަސްރަތު ބުރެއްބާއްވަމެވެ. މިހާރު މިކަންތައްވަނީ އަނެއްކާވެސް އާދަޔަކަށް ވެފައެވެ.

27 އޭޕްރީލް 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 856 ވަނަ ދުވަހެވެ. ތައްޔާރުކުރި “ޖަލާބެހޭ ރިޕޯޓު” މުޅިންނިންމާފަ ރީތިކޮށްލިޔެފަ ރައްދުކުރަން ޖެހޭފަރާތާ މިއަދުހަވާލު ކުރީމެވެ. އެއީ ވަރަށް ފުރިހަމަ ރިޕޯޓެކެވެ. އެމްނެސްޓީ އިންޓަރނޭޝަނަލަށް މިރިޕޯޓު ލިބޭނެކަން ޔަގީނެވެ. ވަރަށްބޮޑު މަސައްކަތެއް ފުރިހަމަކޮށް ނިންމާލެވުނީއެވެ. މިރިޕޯޓުގައި އަޅުގަނޑަށް ޖަލުންފެނުނު މަންޒަރުތަކާއި އަޅުގަނޑުމެންނަށް ދެއްކިއަޒާބުތަކާއި އިންސާނިއްޔަތާ ޚިލާފަށް ކުރިހުރިހާކަމެއްގެ ވާހަކަތައް ހިމަނާފައި ހުންނާނެއެވެ.

އެޅުވުމަން ގެންގުޅުނު ބިޑިތަކުގެ ފޮޓޯތަކާއި އަނދަގޮނޑީގެ ބާވަތްތަކުގެ އަތުކުރެހުންތައް ވެސް ހުންނާނެއެވެ. މިކުރެހުންތައް މިހާރުވެސް އަޅުގަނޑު އަތުގައިއޮންނަ “ކަނޑުފަޅު ފީނުމަށް ފަހު” މިފޮތުގައި ނޯޓުކޮށް، އަތުންލިޔެފައި އަދި މަންޒަރު ކުރަހާފައި ހުންނާނެއެވެ. މިއީ ބައެއްނޯޓުތައް ނޯޓުކުރުމަށް ޖަލުގައި ގެންގުޅުނު ތަންކޮޅެއް ބޮޑުފޮތެކެވެ. މިބައިތަށް މިފޮތަށްނެގީ ގޭގައިހުރި ދުވަސް ވަރުގައެވެ. ގެއަށް ބަދަލުކުރީ، އެއްވެސް ކަހަލަ ފާސްކުރުމަކާ ނުލާކަމުން މިފޮތް އިސްތަފާމެންނަށް ފެނިފައެއް ނުވާނެއެވެ. މިފޮތުގައި މުހިންމުނޯޓުތައް ލިޔަންފެށީ ޖަލުގައި ހުރެގެންނެވެ.

28 އޭޕްރީލް 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 857 ވަނަ ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް އަޅުގަނޑުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުލިބުން ލަސްވެގެންދާތި އަވަސްކޮށް ދިނުންއެދި ސިޓީއެއް ލިޔުނީމެވެ. މިރިޕޯޓުދިނުން ލަސްކުރަމުން ގެންދަނީ ގަސްދުގައެވެ. އަޅުގަނޑު ކުރިންލީ ސިޓީއަށް އިސްތަފާ ދެއްވާފައިވާ ޖަވާބަކީ، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ހުށަހެޅުމުން އެރިޕޯޓަށް ބަލާފައި ޖަވާބެއްދޭނެ ކަމަށެވެ. މިޖަވާބު ލިބުނު ދުވަހު އަޅުގަނޑުވާނީ މިރިޕޯޓު ލިބުން ލަސްވެގެން ދާނެކަން ޔަގީންކޮށްފައެވެ.

އަދި އުދަގުލުންނޫނީ ނުލިބޭނެ އެއްޗެއްކަން އަޅުގަނޑަށްވަނީ ކަށަވަރު ވެފައެވެ. މިއީ އިސްތަފާމެން އިސްކޮށް ތިއްބަވައިގެން ކޯޓުތަކާގުޅިގެން ހިންގާ ހީލަތްތެރި ޖަރީމާތަކެވެ. އިންސާނުންގެ ހައްގުތަކަށް އަޅުއްވަމުން ގެންދަވާ ހުރަސްތަކެވެ. މިކަހަލަ ހީލަތްތަކަށް އަޅުގަނޑުދީފައިވާ ނަމަކީ، އަމިއްލައަށް އުފައްދައިގެން އުޅޭ “ޝަރުއީޙީލަތް” ތަކެވެ. ރައްޔިތާއަށް އަނިޔާކުރުމަށް ހީލަތްތެރިކަން ބޭނުންކޮށްގެން ރާވާ ނުލަފާ ކަންތަކެވެ. ނުސީދާ އަނިޔާއެވެ.

29 އޭޕްރީލް 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 858 ވަނަ ދުވަހެވެ. މިއަދު ބިގޭގެ ސިޓީއެއް ޖަލުން މަންމައަށް ލިބުނެވެ. އެސިޓީގައި ބިގޭލިޔެފައިވަނީ، ދޮޅުމަސް ދުވަހަށް، ރ.ކިނޮޅޮހަށް ދިވެހިބޭސް ފަރުވާކުރުމަށް ފޮނުވައިދޭ ގޮތަށް، ޕްރިސަންސުން ހުއްދަދެއްވި ވާހަކައެވެ. މިގޮތަށް ހުއްދަދެއްވީ ބިގޭސިޓިއަކުން އެކަމަށް އެދިގެންކަމަށް ލިޔެފައިއޮތެވެ.

މިސިޓީލިބުމުން މަންމައާއި އަޅުގަނޑުމެން އެންމެންވެސް ވަރަށް އުފާވިއެވެ. ފުރުމުގެކުރިން އެއްދުވަހަށް ގެއަށް ގެނެސްދޭނެ ކަމަށްވެއެވެ. ދަތުރުތައްޔާރު ކުރުމަށްފަހު، ޕްރިސަންސަށް އެންގުމުން އެކަން ހަމަޖައްސައި ދެއްވާނެކަމަށް ވެއެވެ. ކޮންމެއަކަސް މިއީ އަޅުގަނޑުމެންނަށް ލިބުނު އުފަލެކެވެ. މަންމައާއި މާމަ ވަރަށް އުފާކުރި ކަމެކެވެ.

30 އޭޕްރީލް 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 859 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

1 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 860 ވަނަ ދުވަހެވެ. މިއަދަކީ މެއިޑޭއެވެ. މަސައްކަތްތެރިންގެ ދުވަހެވެ. ދުނިޔޭގެ އެތަންމިތަނުގައި މިކަން ފާހަގަކުރި ޚަބަރުތައް ރޭޑިޔޯއިން އަހާއި ޓީވީންބެލީމެވެ.

2 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 861 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.

3 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 862 ވަނަ ދުވަހެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ކޯޓުނަންބަރު ހައަކުން ފޯނުކޮށްފައި ޝަރީއަތް ނިމުނުގޮތުގެ ރޮޕޯޓުހަވާލު ކުރަން ބޭނުންވާތީ، އެކަމަށް ބޭނުންވާ ރެވެނިއު ސްޓޭންޕް ދީފައި މީހަކު ކޯޓަށް ފޮނުވުމުން، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ތިޔަފަރާތަށް ރައްދު ކުރުމަށް ޕްރިސަންސަށް ފޮނުވޭނެ ވާހަކަބުންޏެވެ.

ހަމައެވަގުތު މީހަކުލައްވާ ރެވެނިއު ސްޓެންޕެއް ގަނެފައި ކޯޓައި ހަވާލުކުރުމުން އެރިޕޯޓު ޕްރިސަންސް މެދުވެރިކޮށް އަޅުގަނޑަށް މިއަދުގެ ވަގުތެއްގައި ލިބުނެވެ. ރިޕޯޓުގެނެސް އަޅުގަނޑާ ހަވާލުކުރީ ޕްރިސަންސުންނެވެ. މިރިޕޯޓަކީ ސަލްޓަންޕާކްގައި ގޮއްވާލި ގެވެށިކަޓޫރަ ބޮމުގެ ކަންތައް އެނގިހުރެ ނާންގައިގެން އިއްވުނު ހުކުމުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓެވެ. މިރިޕޯޓު ބައްލަވާލައްވާށެވެ. މިއީވަރަށް ދިގުއެއްޗެކެވެ. އެހެނަސް ސައިޓަށް ލެވޭތޯބަލާނަމެވެ.

މިއަދުމެންދުރު ވަގުތެއްގައި ބިގޭ ގެއަށްގެނައެވެ. ރ.ކިނޮޅަހަށް ދިވެހިބޭސް ކުރުމަށް ފުރުވާލުމަށެވެ. މިރޭފަތިހު ފުރާދޯންޏަކުން ބިގޭފުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެދޯންޏަކީ، ރ.ކަނދޮޅުދޫ ޒާހިރުބޭގެ ދޯންޏެވެ. އިރުއޮއްސެނިކޮށް ކަނދޮޅުދޫން، ޒަހީނުބޭ މާލެއަށް ދުރުވިއެވެ. ބިގޭއާއެކު މަންމަވެސް ގޮވައިގެން ކިނޮޅޮހަށް އެމީހުން ލާންދިއުމަށެވެ. ޒަހީނުބޭ އަންނަމުން އަޅުގަނޑު ބުނެގެން ދެއަސާގަނޑު ވަޑިއަކުލައްވާ ހައްދައިގެން ގެނެސްދިނެވެ.

މިއީ އަޅުގަނޑުގެ އުނަގަނޑަށް ތަދުވާތީ، ހިންގާއިރު ބޭނުންކުރުމަށް ހޯދިއެއްޗެކެވެ. ޖަލުގައި ހުރިއިރު، އެދުވަސްވަރު ސިފައިންގެ ފަރާތުން ލިބުނު އަނިޔާތަކުގެ އަސަރުތައް މިހާރުވެސް ހުރެއެވެ. ވިއްސާރަވެ ފިނިވީމާ އުނަގަނޑަށް މައިބަދައަށް އަމިއްލައަށް ތަދުއަރައެވެ. ދުރަށް ހިނގާބިނގާވެ އުޅެންޖެހެނީ އަސާގަނޑެއްގެ އެހީގައެވެ. އޭގެއެހީ ހޯދައިގެންނެވެ. އޭރުން ތަންކޮޅެއް ނަމަވެސް ފަސޭހަވާހެން ހީވާތީއެވެ. މިދެއަސާގަނޑުގެ ދެކޮޅުގައި ފިލިއަޅުވައި ރީތިކޮށްލީއެވެ.

މިކަންކޮށް ދެއްވީ، މ.ޖަވާހިރުވިލާ ޚޫރުޝީދު އިސްމާއީލް (ހޫއްޓޭ) އެވެ. އަޅުގަނޑުމެން އެންމެން ބަންދު ވުމުން ޖަވާހިރުވާދީ ގައިހުރި ބައިސްކަލް މަރާމާތުކުރާ ގަރާޖު ހިންގައިދިނީ ހޫއްޓޭއެވެ. ފަހުން، ހޫއްޓޭއެދުނު ގޮތެއްގެ މަތިންއެއްބަސް ވުމަށްފަހު، މިގަރާޖް އޭނާގެ ގެއަށް ޖަވާހިރުވިލާއަށް ބަދަލުކުރުމުގެ ހުއްދަ ދިނީއެވެ. މިހާރު އެގަރާޖަކީ ޖަވާހިރުވިލާ ގައި އެހުންނަ ހޫޓެކްގަރާޖެވެ. ހޫއްޓޭއަކީ އަޅުގަނޑުމެންގެ ބޮޑުދައިތަގެ ދަރިފުޅެކެވެ. ހޫއްޓެ މިދެއަސާގަނޑު ވަރަށްރީތިކޮށް ދެކޮޅުގައި ފިލިތައް ލުމަށް ފަހު، ވަރުނީސްކޮށް ހަދައިދިނެވެ. ދޫކޮށް ލުމުން ބޭނުންކުރުމަށް ރެޑީ ކުރީއެވެ.

4 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 863 ވަނަ ދުވަހެވެ. މިއަދު ވަރަށްފަތިހުގެ ވަގުތެއްގައި ބިގޭ ފުރުވާލެވުނެވެ. ބިގޭއާއެކު މަންމައާއި ޒަހީނުބޭ ކިނޮޅޮހަށް ދިޔައެވެ. ދިވެހި ބޭސްވެރި ކަމަށެވެ. ބިގޭއަށް ވެސް ބޮޑު މިނިވަން ކަމެއް ލިބުނީއެވެ.

5 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 864 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑުގެ އުފަންދުވަހެވެ. ގޭގައި ކުޑަގޮތަކަށް މިކަންފާހަގަ ކުރިއެވެ. އުމުރުން ބަރާބަރު، 36 އަހަރުފުރުނީއެވެ. ކައިވެނި ކުކޮށް ހުރެ ދުބަސްތައް ގެއްލިދަނީއެވެ. އެންމެ މުހިންމު ދުވަސްވަރު މިދިޔައީ ޖަލުގައެވެ. އެހެނަސް އެކަމާ ހިތާމަކޮށް ދެރައެއް ނުވެއެވެ. މިއީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށްޓަކާ ކުރެވުނު ޖިހާދެއްކަން އަޅުގަނޑު ހިތުގެއަޑިން ވަރަށް ރަނގަޅަށް ގަބޫލުކުރަމެވެ.

މީހަކަށް، މީހެއްގެ މުދަލަކަށް، އެއްޗަކަށް ގެންލުންދީ ވައްކަންކޮށް ފޭރިހަދާއިގެން ލިބުނު އަނިޔާއެއް ނޯންނާނެއެވެ. ކޮރަޕްޝަނެއް ނޯންނާނެއެވެ. އަޅުގަނޑަކީ، ވަރަށް ސާފުސީދާ ގައުމީޚިދުމަތުގައި ދެމިހުރިމީހެކެވެ. އަބަދުވެސް އަމަލު ބަހައްޓަފައި ހުންނާނީ ރައްޔިތުންގެ ހައްގުތައް ދިފާއު ކުރުމަށެވެ. އިސްލާމްދީނަށާއި ދިވެހިރައްޔިތުންނަށް ޚިދުމަތްކުރުމަށެވެ. އާދެ! އަޅުގަނޑު އުފަންވީ، 5 މެއި 1957 ގައެވެ.

6 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 865 ވަނަ ދުވަހެވެ. މިއަދުންފެށިގެން އަނެއްކާވެސް މަތިމަހާއި ތުނބުޅި ނުބާލާއި ނުކޮށައި ދިގުވާން ދޫކޮށްލީމެވެ. ރީތިވަރަކަށް ރީތި ސިފައަކަށް ބެހެއްޓުމުގެ ބޭނުމުގައެވެ.

7 މެއި 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 866 ވަނަ ދުވަހެވެ. ބިގޭމެންގެ ހާލުރަނގަޅު ކަމަށް ކިނޮޅޮހުން މާލެއައި ބަޔަކު ބުނެދިނެވެ. ބިގޭގައިގާ ބޭސްބަނުމުގެ މަސައްކަތް ކުރިޔަށްދާ ޚަބަރުލިބުނެވެ.

8 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 867 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

9 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 868 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ.

10 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 869 ވަނަ ދުވަހެވެ. މިއަދު ލަކްސްލީން މަސްއޫދާއި ޕައިލެޓްނައީމް މިނިވަންކޮށް ދޫކޮށްލި ޚަބަރު ލިބުނެވެ. ނައީމަކީ، ސިޔާސީ އެހެން މައްސަލައެއްގައި ބަންދުވެ ހުކުމް އިއްވިފައި ހުންނެވި ބޭފުޅެކެވެ.

11 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 870 ވަނަ ދުވަހެވެ. ހަންދުގެ ސިޓީއެއް ޖަލުންލިބުނެވެ.

12 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 871 ވަނަ ދުވަހެވެ. މިއަދު ގިނަވަގުތު ހޭދަކުރެވުނީ، އެޑޮލްފްހިޓްލަރ ލިޔުއްވި ފޮތުގެއަރަބި ތަރުޖަމާ “އަލްކިފާޙީ” މިފޮތް މުތާލިއާ ކުރުމުގައެވެ.

13 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 872 ވަނަ ދުވަހެވެ. ރ.އަތޮޅު ކިނޮޅޮހުން، މިއަދު މަންމައާއި ޒަހީނުބެއައި ދެމީހުން، ބިގޭ އެރަށުގައި ބެހެއްޓުމަށް ފަހު، މާލެއަށް އެނބުރިއައެވެ. ބިގޭގެހާލު މުޅިން ރަނގަޅެވެ. ވަރުގަދައަށް ބޭސްކުރަމުން ގެންދާކަމަށް މަންމަ ބުންޏެވެ. އަދި މިއަދު އިބުރޭއާއިއަލީ ގާމާދޫޖަލަށް ހަންދުއާ ބައްދަލުކުރުމަށް ދިޔައެވެ. ހަންދުގެ ހުރިހާކަމެއް ވެސް ރަގަޅެވެ.

ރޭގަނޑުގެ ވަގުތެއްގައި ކެޕްޓަން އަބްދުﷲ މުއާޒު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. ޕްރިސަންސަށް ގެންގޮސް އިސްތަފާ ވަރަށްވާހަކަ ދެއްކެވުމަށް ފަހު، ދޫކޮށްލީކަމަށް މުއާޒުގެ ފަރާތުން ޚަބަރުލިބުނެވެ. އަދި މިއަދު މިގެއަށް، ސައަދުﷲ ޖަމީލު (ބޮންޑު) އަޅުގަނޑާ ބައްދަލުކޮށް ލުމަށް ޒިޔާރަތް ކުރެއްވިއެވެ. އޭނާބުނީ، ތިރީކޯޓުން އޭނާގެމައްޗަށް އުޅެއުޅެވެސް ހުކުމް އިއްވޭނެޖާގައެއް ނެތިގެން ހުކުމް ނީއްވުނީ ކަމަށެވެ. ތިރީކޯޓުން މިކަންނުވީމާ ހައިކޯޓަށް ފޮނުވައިގެން ހުކުމް އިއްވޭތޯވެސް ބެލިކަމަށް ބޮންޑު ބުންޏެވެ. ހައިކޯޓުން ވެސް ކުރިޔަށް ނުގެންދެވުނީއެވެ. އެއްވެސް ހެއްކެއް ގަރީނާއެއް ނެތިގެންނެވެ. ފުލުހުން ނަގާފައިއޮތް ބަޔާނަށް އެހެން މީހެއްގެ ހެކިބަސް ނެތުމުން ބަލައިނުގަތީއެވެ.

14 މެއި 1993 ވީހުކުރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 873 ވަނަ ދުވަހެވެ. ހޫއްޓޭ ގެންދިޔަ އަސާތައް ވަރަށްރީއްޗަށް ފިލިއަޅުވާއި ވަރުނީސްލާއި އޮފްކޮށްލައިގެން އަޅުގަނޑަށް ގެނެސްދިނެވެ. ވަރަށްރީއްޗެވެ. ދިގުކޮށް ހިނގަންޖެހޭ، ހިނގާބިނގާވުން ތަކުގައި މިތަނުން އެންމެރީތި އަސާގަނޑު ހިފައިގެންނޫނީ މަގުމައްޗަށް ނުނިކުންނަން ނިންމައިގެން ގޭގައި ހުރީއެވެ.

15 މެއި 1993 ވީހޮނިހިރު ދުވަސް، ދޫކޮށްނުލާ ހުންނަތާ، 874 ވަނަ ދުވަހެވެ. މިއަދު ހަންދު، މާލެއަށް ހޮސްޕިޓަލަށް ގެނައެވެ. ކަކުލެއްގެ މައްސަލައިގައެވެ. މާބޮޑަށް ތަދުވާތީއެވެ.

16 މެއި 1993 ވީއާދީއްތަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 875 ވަނަ ދުވަހެވެ. ހަންދުގެކަނާއަތު ފައިގެކަކުލުގައި ތަދުގަނޑެއް އުޅޭތީ މާދަމާ މާލެއަށް ގެނެސް އޮޕަރޭޝަނެއް ކުރަންޖެހޭކަމަށް ޕްރިސަންސުން ގުޅާފައި މިއަދު ގެއަށް އެންގިއެވެ.

17 މެއި 1993 ވީހޯމަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 876 ވަނަ ދުވަހެވެ. ހަންދުމާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކުރިއެވެ. ކަނާއަތު ފައިގެކަކޫ އޮޕަރޭޝަން ކުރުމަށެވެ. އޮޕަރޭޝަން ކުރަން ނިންމާފައިއޮތީ، މެންދުރުން އަނބުރާ އެއްގަޑިބައިގައެވެ. އަދި އެއްގަޑި އިރުތެރޭގައި އޮޕަރޭޝަން ނިމޭނެކަމުގެ ޚަބަރުދިނެވެ. އެއްގަޑިއިރަށް ވުރެކުރިން އޮޕަރޭޝަން ނިމިގެން ހަންދުނެރެ ކޮޓަރިއެއްގައި އެޑްމިޓްކުރީއެވެ. ހަންދުބުނީ މާބޮޑުކަމެއް ނޫންކަމަށެވެ. ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށެވެ.

މަންމަމެން އެންމެންތިބީ ހޮސްޕިޓަލުގައެވެ. މިއަދަކީ ފުދޭވަރަކަށް ވިއްސާރަ ދުވަހެކެވެ. އަޅުގަނޑު މިއަދުކުރި އެންމެ މުހިންމު މަސައްކަތަކީ، ރައީސް މައުމޫނަށް މިހާރުގެ ސިޔާސީ މަސްރަޙާގުޅޭ ގޮތުން ދިގުސިޓީއެއް ލިޔުމެވެ. މިސިޓީލިޔެ ނިންމާފައި ދެތިންފަހަރު ކިޔާއިތުރު އިސްލާހުތައް ގެނައުމަށް ފަހު، ފޮނުވާލީމެވެ. މިއީ މިދުވަސްހަރުގެ ސިޔާސީ މަސްރަޙާގުޅިގެން އަޅުގަނޑުގެ ހިތުތެރޭގައި ހިނގަމުންދިޔާ އުދާސްތަކަކާއި އިހްސާސް ތަކެއްގެ ވާހަކައެވެ. މިއީ ވަރަށް މުހިންމު ވާހަކަތަކެކެވެ.

މާލެތެރޭގައި ބަޔަކުމީހުން، އެންދެރިމާގޭ އިލްޔާސް ވެރިކަމަށް ގެނައުމަށް ކުރަމުންގެންދިޔަ މަސައްކަތްތަކެއްގެ ވާހަކަތަކެވެ. އެސިޓީ ބައްލަވާލައްވާށެވެ! ސްކޭންކޮޕީއެއް ސައިޓްގައި އަޕްލޯޑުކުރާނަމެވެ. މިއީ ބަންދުގައި ހުރެގެން އަޅުގަނޑުގެ ހިތަށްވަންނަމުންދިޔަ ސިޔާސީ ޝުޢޫރުތަކެއްގެ ވާހަކަތަކެކެވެ!!! އަޅުގަނޑުގެ ނަޒަރުގައި އަދުގެ ސިޔާސީ ހަގީގަތްތަކެކެވެ!!! މަންތިރި މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިބޭ ވާހަކަވެސް ރައީސް މައުމޫނަށް ދަންނަވާފައި ވާނެއެވެ!

18 މެއި 1993 ވީއަންގާރަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 877 ވަނަ ދުވަހެވެ. މަންތިރީގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުލިބޭތޯ ކޯޓަށް ގުޅީމެވެ. ވަކިޚާއްސަ ޖަވާބެއް ކޯޓުން ނުލިބުނެވެ. މިއީ ވަރަށްފާޑަކަށް އިއްވިފައިހުރި ހުކުމްތަކަކަށްވާތީ ޝަރީޢަތްނިމުނު ގޮތުގެރިޕޯޓުތައް ލިބެނީވަރަށް ވަރުންނެވެ. ވަރަށް އުނދަގުލުންނެވެ. ރައީސް މައުމޫނަށް ލިޔެގެންނެވެ. އެވަރުންވެސް ރިޕޯޓު ލިބޭއިރު ހުންނަނީ، ބައެއް ވާހަކަތައް އުނިކޮށްލާއި މަދުކޮށްފައެވެ.

19 މެއި 1993 ވީބުދަ ދުވަސް، ދޫކޮށްނުލާ ހުންނަތާ، 878 ވަނަ ދުވަހެވެ. ބޭންކް އޮފް މޯލްޑިވްސްއިން ގަތްހިއްސާތަކުގެ އެލޮޓްމަންޓުސިޓީ މިއަދު އަޅުގަނޑަށް ލިބުނެވެ. ބޭންކުން އިއުލާނުކުރީމާ މިސިޓީހިފައިގެން ބޭންކަށް ދިއުމުން ގަތްހިއްސާތަކުގެ ސެޓިފިކެޓް ދޫކުރާނެވާހަކަ މިސިޓީގައި ލިޔެފައިއޮތެވެ. ﷲގެ އިރާދަފުޅުން މިކަންތައް ފުރިހަމަވީއެވެ. މިއީ ޖަލުގައިހުރެގެން ކުރެވޭނެކަމެއް ކަމުގައި އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލުކުރި ކަމެއްނޫނެވެ.

20 މެއި 1993 ވީބުރާސްފަތި ދުވަސް، ދޫކޮށްނުލާ ހުންނަތާ، 879 ވަނަ ދުވަހެވެ. މިއަދު، ދިހައެއްޖަހާ އެހާކަންހާއިރު ކުއްލިއަކަށް ކުރިން އެނގުމަކާނުލައި ޕްރިސަންސުން ބަލާއައިސް، އަޅުގަނޑު ގެންގޮސްވެއްދީ މިނިސްޓްރީ އޮފް ޑިފެންސަށެވެ. ވާނުވާއެއް ނޭންގޭތީ އަވަސް އަރުވާލާފައި އަޅުގަނޑު ދިޔައީ ޖަލުމުންޑުގަނޑު އަނދެގެންނެވެ. ހައްތާވެސް ހީވެފައިވަނީ އަނެއްކާވެސް ޖަލަށް، ކުޑަގޮޅިއަށް ގެންދަނީހެންނެވެ. މީގެކުރިން މުޅިންވެސް ހަދާފައިހުރީ އެހެން ކަމަށް ވާތީއެވެ.

ރާއްޖޭގެ ސިފައިންގެ އެންމެމަތީވެރިޔާގެ ކޮމާންޑްކޮޓަރިކޮޅަށް، އަޅުގަނޑު ހާޒިރުކުރި ވާހަކަ:

މިނިސްޓްރީ އޮފް ޑިފެންސުގެ ތިރީބުރީގައި ހުރިގޮނޑިއެއްގައި އިރުގަނޑެއް ވާންދެން އަޅުގަނޑު ބޭންދުމަށްފަހު، ސިފައިންގެ ދެއޮފިސަރަކު އައިސް ވަރަށް ގަދަޔަށް އަޅުގަނޑުގެ މުޅިހަށިގަނޑު ފާސްކޮށް، ޗެކްކޮށް ބަލާހެދުމަށް ފަހު، އަނގަ ވެސް ހުޅުވައިގެން އަނގައިގެ އެތެރެޔާއެކު ޓޯޗަކުން އަލިކޮށްގެން ބަލާޗެކް ކުރަންފެށުމުން ވަރަށް ބިރުގަތެވެ. އަނެއްކާ މިއުޅެނީ ކިހިނެއް ހަދަންބާވައޭ ހިތަށް އެރިއެވެ. ދުވަހަކުވެސް ޖަލުގެކުޑަ ގޮޅީގައި ހުރިއިރުވެސް މިއީ މީގެކުރިން އެއްއިރެއްގައިވެސް ކުރިކަމެއް ނޫނެވެ.

މިއުޅެނީ އަނެއްކާވެސް ގޮޅިއަކަށް ވައްދަންބާވައޭ ވަރަށްބޮޑަށް ހިތަށް އެރިއެވެ. އަނގައާއި ތަންތަން ބެލުމަށް މަޑުމައިތިރި ކަމާއެކު ރީތިކޮށް ދައްކައިގެން އިންއިރު ކުޑަކޮށް ޖެހިލުންވިއެވެ. ހިތުތެރެއަށް އެކިކަހަލަ ވަސްވާސްތައް ވަނެވެ. ޖަލަށްގެންދަނީއޭ ވެސް އެތައްފަހަރަކު ހިތަށްވަނެވެ. ޑިފެންސް ތެރެއިން ގޮޅިއަކަށް ލާންއުޅެނީއޭ ވެސް ހިތަށްއެރިއެވެ. އިތުރު އަނިޔާއަކަށް ގެންދަނީއޭ ވެސް ހިތަށްއެރިއެވެ. އޭތިމީތިހިތަށް ވަދެފައިބައިގެން ދިޔައެވެ. އެވަގުތުކޮޅު ދިޔައީ ބޮޑުބިރެއްގެ ތެރޭގައެވެ.

ޗެކްކޮށް މުޅިހަށިގަނޑު ބަލައި ނިންމާފައި ދެންއެރުވީ މައްޗަށެވެ. ސިޑިއަކުން މައްޗަށް އަރުވަންފެށީމާ ވެސް ޖެހިލުންވިއެވެ. ވާނުވާއެއް އަދިވެސް ނޭންގޭތީއެވެ. ލަކުޑިސިޑިއަކުން އަރާނިމުމުން ފެންނަންފެށީ ރަތްދޫލައެކެވެ. ރަތްދޫލަ ފެނުމުން ހިތަށްފިނިކަމެއް ވަންނަން ފަށައިފިއެވެ. މަތީބުރިއަށް ގެންގޮސް ވެއްދީ، ރަތްދޫލަ އަޅާފައިހުރި ރީތިބޮޑު ކޮޓަރިއަކަށެވެ. މިކޮޓަރީގައިހުރި އަތްގަނޑުލީ ގޮނޑިއެއްގައި ބޭންދީ އެވެ. އަޅުގަނޑު އެކަންޏެވެ.

ޖެހިގެންހުރި ކޮޓަރީގައި މީހުންތިބިހެން ހީވެއެވެ. މިކޮޓަރީގައި އިންއިރު މުޅިންވެސް ހިތަށްއަރަނީ މިއުޅެނީ ރަނގަޅުގޮތެއް ވާށެވެ. ބިރުވެރިނުބައި އިހްސާސްތައް މުޅިންހެން ކެނޑިއްޖެއެވެ. އުފާވެރިކަން އިހްސާސްތައް ކުރެވެން ފަށައިފިއެވެ. މިކޮޓަރިން މީރުވަސް ވެސް ދުވައެވެ. ހުރީގަދައަށް ފިނިކޮށްފައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަންބަރީއާއި އިސްތަފާ މިކޮޓަރި ތެރޭންލާފައި ހުރަސްކޮށް އުޅުއްވަން ފަށައިފިއެވެ. އަޅުގަނޑު އަނގައިންނުބުނެ، ހިނިތުންވެސް ވެނުލާ، ހިތްވަރުކޮށް ލައިގެން އިންނަނީއެވެ.

އެމީހުން ހީވެސްނުލާ ބޮޑާވެރިކަމާއެކު ހިނގާބިނގާވެ ހަދައެވެ. އެއްދޮރުންވަދެ ވަޑައިގެން އެނެއްދޮރުން ނުކުންނަވަނީއެވެ. އަޅުގަނޑުގެ ކުރިމަތިންނެވެ. އަޅުގަނޑު ކެތްކޮށްލައިގެން މަޑުމޯޅިކަންމަތީގައި މަޑުމަޑުން އިނީއެވެ. މިހާހިސާބުން ވެސް މިއުޅެނީ ރައީސް މައުމޫގެ ދީދާރުފުޅެއް ދެއްކެވުން، ކުރިމަތިވާން އުޅެނީކަމަކަށް، އަޅުގަނޑުގެ ހިތަކަށް އެއްގޮތަކަށް ވެސް ނުވަދެއެވެ.

ކެތްކޮށްލައިގެން އިންދާ މާގިނައިރުތަކެއް ނުވެއުޅެނިކޮށް އާދައިގެ ހެދުމެއްގައި ހުންނެވި ސިފައިންގެ ބޭކަލަކުދުރުވެ، އަޅުގަނޑަށް ތެދުވުމަށް އިޝާރަތްކޮށްލައްވައި ދެތިންފިޔަވަޅެއް ދުރުގައިހުރި ވަރަށްރީތިދޮރެއް ސިއްރުސިއްރުން ގޮބުއަނބުރާލައި ހުޅުވާލެއްވުމަށް ފަހު، އޭނާނުވަދެ އަޅުގަނޑަށް ވަނުމަށް އިޝާރާތް ކުރައްވާފައި އޭނާއެނބުރި ހިނގައްޖެއެވެ.

އަޅުގަނޑު، ބިސްމިﷲ އޭ! ކިޔާފައި މިދޮރުން އެތެރެއަށް ކަނާއަތުފައިތިލަ ބެހެއްޓިތަނައި ފެނި ދީދާރުވެގެން ދިޔައީ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ހިނިތުމުން ފުރިގެންވާ މޫނުފުޅެވެ. މިކޮޓަރީގައިހުރީ ވަރަށްރީތި ބޮޑުއެއްމޭޒެވެ. އެމޭޒުގެ ކުރިމަތީގައި ހުރީ އެންމެ ގޮނޑިއެކެވެ. އަޅުގަނޑު ފެންނައިރަށް، ރައީސް މައުމޫނު އިންނެވި ގޮނޑިކޮޅުން ކޮޅަށް ތެދުވެ ވަޑައިގެންފައި އަރަބިބަހުން ވިދާޅުވީ، ތަފައްޟަލް ޔާއަޚީ! (“މާތްބަހުން”، އޭއަޚާއެވެ. އިށީދެ ވަޑައިގަންނަވާށޭ!) އޭ މިހެންނެވެ.

އަދި ކަނާއަތްޕުޅުން އިޝާރާތްކޮށްލެއްވީ މޭޒުގެކުރިމަތީގައި ހުރިގޮޑީގައި އަޅުގަނޑު އިށީނުމަށެވެ. ދެން ޝުކުރަން އޭ! ދެންނެވުމަށް ފަހު އަޅުގަނޑު މޭޒުކޮޅުގެ ކުރިމަތީގައިހުރި ގޮނޑީގައި އިށީނިމުގެ ކުރިން، އަތްޕުޅުދިއްކޮށް ލެއްވުމުން އަތާއަތްޖޯޑުކޮށް ސަލާމްކޮށް ލުމަށްފަހު، އިޝާރަތްކޮށް ލެއްވިގޮނޑީގައި އިށީދެއްޖައިމެވެ. މިހާހިސާބުން ވަރަށްހިތް ހަމަޖެހިއުފާ ވެއްޖެއެވެ. އަޅުގަނޑުގެ މޫނުމައްޗަށް ވެސް ހިނިތުން ވެރިވެއްޖެއެވެ. އަލްޙަމްދުލިއްލާހި އޭ! ހިތުންކިޔާލެވުނެވެ.

މިއީ ކޮންކަހަލަ މިޢުރާޖެއްބާވައޭ ހިތަށް އެރިއެވެ. އަޅުގަނޑު ޗެކްކޮށްހެދި އިރާއި ތިރީގައި އިށީދެގެން އިންއިރު އަބަދުވެސް ކިޔަމުންގެންދިޔައީ އިބްރާހީމް ސަލަވާތެވެ. އަދި “ސުބްޙާނަﷲ ވަލްޙަމްދު ލިއްލާހި، ވަﷲ އަކްބަރު” މިދުޢާކިޔަމުން ގެންދިޔައިމެވެ. ހެވާއި ސަލާމަތަށް އެދި ނިޔަތް ގަނެގެންނެވެ. އަނިޔާވެރިންގެ އަތްދަށުން ސަލާމަތަށް އެދިއެވެ.

ދެން ދެވަނަ ބަސްފުޅަކަށް ރައީސް މައުމޫނު ވިދާޅުވީ، އިލްޔާސަށް މިދަންނަވާލީ، އިލްޔާސަށް އިއްވިފައި ހުރިހުރިހާ ހުކުމްތަކުން މިނިވަންކޮށް މައާފުދީ ދޫކޮށްލުމަށެވެ. މުޅިން މިނިވަންކުރުމަށެވެ. ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން އަޅުގަނޑަށް ލިބިގެންވާ ބާރުގެދަށުން މިކަންތައް ކުރުމަށެވެ. އޭރު އެމަނިކުފާނުގެ ކުރިމަތިފުޅުގައި މޭޒުމަތީގައި އޭފޯސައިޒުގެ ހުދުކަރުދާސް ގަނޑެއްގައި އަޅުގަނޑަށް އިއްވާފައިވާ، 4 ހުކުމުގެ ތަފްސީލްތައް ލިޔެފައިއޮތެވެ.

މިހެންވިދާޅުވީ އެކަރުދާސް ގަނޑަށް ބައްލަވާލައްވާ އިޝާރާތްކޮށް ލައްވާފައެވެ. މިކަރުދާސް ގަނޑުނޫން އެހެންއެއްވެސް އެއްޗެއް އެމޭޒުކޮޅު މައްޗަކު ނެތެވެ. މިބަސްފުޅުގެ ޖަވާބުގައި އަލްޙަމްދުލިއްލާހިއޭ ދަންނަވާއި ވަރަށްއުފާވެއްޖެއޭ ދެންނެވީމެވެ. ވާހް! ހާދަހާހެޔޮފުޅޭ ދެންނެވީމެވެ. އަދި ވަރަށްބޮޑަށް، ﷲއަށާއި މަނިކުފާނަށް ޝުކުރުވެރިވާ ވާހަކަވެސް ދެންނެވީމެވެ.

އަޅުގަނޑަށް ފެންނަނީ، ރީތިބޮޑުމޭޒެއްގެ މަތީގައިއޮތް އޭފޯސައިޒުގެ ކަރުދާސްގަނޑެކެވެ. އިރުއިރުކޮޅާ އެއަށް ފޯކަސްކޮށް ލެވެއެވެ. ހިނިތުންވެފައިވާ ރައީސް މައުމޫނުގެ މޫނުފުޅަށް ބަލައިލެވެއެވެ. އެކަރުދާސްގަނޑުގައި ލިޔެފައިވަނީ ހަތަރުޕޮއިންޓެކެވެ. ދެންއަޅުގަނޑާއި ރައީސް މައުމޫނާއި މޫނާމޫނު ދިމާވާގޮތަށް އެހެންއެއްވެސް ހުރަހެއް ނެތެވެ. އެހެން އިތުރުއެއްޗެއް ވެސްނެތެވެ.

ގިނައިން ހަތަރުކަޅި ހަވަމުންދެއެވެ. އެހެންމޭޒެއް ގޮނޑިއެއްވެސް ނެތެވެ. އެހެންމީހެއްވެސް ނެތެވެ. ހަމަހިމޭން ރީތިހުސްތަނެއްގައި ރައީސް މައުމޫނާއި އަޅުގަނޑާ އެކަންޏެވެ. ކުޑަގޮޅިން މިއާދެވުނީ، ސީދާ ރައީސް އަރިހަށެވެ. ޖަލުން ރިޔާސަތުގެ ދީވާނަށެވެ. ވެރިކަމުގެ ދަރުބާރަށެވެ. މުޅިން އެހެން މާހައުލަކަށެވެ. މިވަނީ ކިހިނެތް ބާވައޭހިތަށް އަރައެވެ! ﷲގެ ކުޅަދުންވަންތަ ކަމަކީ މިއެވެ!

ރައީސް މައުމޫނު ދެންފެއްޓެވީ، އިތުރުވާހަކަތަކެވެ. ވިދާޅުވިއެވެ! ދެންމިހާރު އިލްޔާސް ގަސްދުކުރައްވަނީ ކޮންމަސައްކަތެއް ކުރައްވަންތޯއެވެ؟ މިނިވަންވުމުން ކުރައްވާނީ ކޮންކަމެއްތޯއެވެ! އަޅުގަނޑު މަޑުޖެހިލީމާ، މިސުވާލުތައް ތަކުރާރުކޮށް ކުރެއްވިއެވެ. ޖަވާބުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަކީ އަބަދުވެސް ދިވެހިގައުމަށާއި ސަރުކާރަށް އިޚްލާޞް ތެރިކަމާއެކު ޚިދުމަތްކުރާހިތްވާ މީހެކެވެ. އަދި ކުރާނެއަމިއްލަ މަސައްކަތެއް ފެށިފައިނެތް މީހެކެވެ. ވި

ޔަފާރިއެއް ދަންނަ އަދި ވިޔަފާރިއެއް ކުރާމީހެއްނޫނެވެ. އަދި ކުރާހިތްވާ މީހެއްވެސް ނޫނެވެ. ސަރުކާރުން ލިބޭމުސާރައިން ދިރިއުޅޭ މީހެކެވެ. އަބަދުވެސް ގައުމުގެކުރިމަގަށް ވިސްނާ މީހެކެވެ. އަޅުގަނޑު ކިޔަވާނިމިގެން އައިގޮތަށް މިގެންދަނީ، ސަރުކާރުން ގެންދަވާފައި ދެއްވިވަޒީފާގައި ޝަކުވާއެއްނެތި ޚިދުމަތް ކުރަމުންނެވެ. އެއީ ވެސް ރައީސް ކޮށްދެއްވި ކަމެކެވެ. ވަށްކަމެއްކޮށް މީހަކަށް ތާކަށް ގެންލުންދީފައެއް ނޯންނާނެއެވެ.

ރައްޔިތުންގެ އިސްލާޙަށާއި ގައުމުގެކުރިމަގު ބިނާކުރުމަށް ރައްޔިތުންގެ އަޑުއުފުލުން ނޫންކަމެއް ކުރާމީހެއްނޫނެވެ. އަޅުގަނޑުގެ ވެރިންނަށް އަޅުގަނޑުގެ ޚިޔާލުއަރުވަމެވެ. ގާނޫނާއި ގަވާއިދަށް އިހްތިރާމްކުރާ މީހެކެވެ. މިހާތަނަށް ވެސްހުރީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައެވެ. އަޅުގަނޑު ކިޔަވައިގެން އައުމުން، ވަޒީފާއެއް ދެއްވީ މިނިކުފާނުގެ ސަރުކާރުންނެވެ. އަޅުގަނޑު ވަރަށްރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަޅުގަނޑަށް ވަޒީފާދެއްވީ އަޅުގަނޑު އާދޭސްކޮށް ސިޓީލާއި އެދިގެނެއް ނޫނެވެ.

ސަރުކާރަށް ފެނިވަޑައިގެން އަޅުގަނޑު ގެންނަވާފައި މުސާއިދުއަމީނުލް މަކްތަބާކަން ދެއްވާފައި އިސްލާމީ މަރްކަޒަށް ވެއްދެވީ ސަރުކާރުންނެވެ. ސީދާ މަނިކުފާނެވެ. އެހެންވުމުން ދެންވެސް ޚިދުމަތްކުރާނީ ފުރުސަތު ދެއްވައިފި ނަމަ ސަރުކާރުގައެވެ. އަދިވެސް އަޅުގަނޑު ހުންނަހިތްވަނީ އެގޮތުގައެވެ. ގޭގައިހުރެގެން ކުރާނެކަމެއް ފެންނާކަށް އަދިއެއް ނެތެވެ. ކުރާނެއެހެން ކަމެއް ވެސްނެތެވެ.

މަނިކުފާނެވެ! ދެންވެސް ބެހެއްޓެވި ވަޒީފާއެއްގައި އަޅުގަނޑުގެ ގާބިލިއްޔަތު ތަންދިން މިންވަރެއްގެ އެންމެފުޅާމިނުގައި ގައުމަށް އަޚްލާޞްތެރި ކަމާއެކު ޚިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެޔަގީންކަން މަނިކުފާނަށް އަރުވަމެވެ. އަޅުގަނޑުގެ ޒަމީރާއިހިތުގައި ކަސްތޮޅު އެޅުވިގެން ނުވާނެއެވެ. ސިކުނޑިއަށާއި ޒަމީރަށް މިނިވަންކަން އޮތީމާ އަޅުގަނޑަށް ނިމުނީއެވެ. އަޅުގަނޑަށް ފެންނަޚިޔާލެއްގެ ޖާގަދެވެން ޖެހޭނެއެވެ. މަސައްކަތުގެ މާހައުލުގައި އޮންނަން ޖެހޭނެއެވެ.

އެހެނަސް އެއަށްފަހު، ވެރިޔާއަންގަވާ ގޮތަށް އަމަލުކުރާނަމެވެ. ކިޔަމަން ވާނަމެވެ. ދުސްތޫރާއި ގާނޫނާއިގަވާއިދު ތަކަށް ބޯލަނބާއި އިހްތިރާމް ކުރާނަމެވެ. ދެން ކޮން ދާއިރާއެއްތޯ އިލްޔާސަށް އެންމެރަނގަޅީ އެއްސެވިމާ އަޅުގަނޑު ދެންނެވީމެވެ. ހޯމްމިނިސްޓްރީ ނުވަތަ އެޓޮލްސް މިނިސްޓްރީއަކީ އަޅުގަނޑަށް އެންމެކަމުދާ ތަންތަނެވެ. އަޅުގަނޑަކީ ގާނޫނުތަންފީޒުކުރާ ހިތްވާމީހެކެވެ. ތަންފީޒީ އިދާރާތަކުގައި ޚިދުމަތް ކުރާހިތްވާ މީހެކެވެ. އަޅުގަނޑަށް ބޮޑަށްރަނގަޅުވާނީ މިތަންތަނޭ ދެންނެވީމެވެ.

އަދި މިހެން މިދެންނެވީ އަޅުގަނޑަކީ އިނގިރޭސި މީޑިއަމުން ކިޔެވި މީހަކަށް ނުވާތީއެވެ. އެހެންވުމުން ފަސޭހަވާނީވެސް ދާޚިލީކަންކަމުގައި އުޅުމެވެ. ދިވެހިބަހުން މިއާމަލާތް ކުރާށެވެ. އަދި ކުރާހިތްވެސްވަނީ ވެސް ދާޚިލީކަންކަމެވެ. ރަށްފުށުތެރޭގެ ވެއްޓާބެހޭ ކަންކަމެވެ. ތަމައްދުނާއި ރަށްވެހިކަމު ތެރޭގައި ގާނޫނުގެ ހުކުމްތަންފީޒުކޮށް ހިންގާހިތް ވެއެވެ.

މިވާހަކަތަކަށް ފަހު، އަޅުގަނޑު ފެއްޓީ މިހާރުގެ މާހައުލާގުޅޭ ސިޔާސީ މަސްރަހުގެ ބައެއް ވާހަކަތަކެވެ. ފުރަތަމަވެސް ވާހަކަފަށައި ގަންނަންޖެހުނީ، މުޅިރާއްޖޭގެ މުޝީރެއްކަމުގައި ބަލައިގެންއުޅޭ މަޝްހޫރުކޮލި އަލިމަނިކާ ހަމައިންނެވެ. އަޅުގަނޑު ރައީސް މައުމޫނަށް ދެންނެވީމެވެ. ސަރުކާރުގެ އެޑްވައިޒަރެއްގެ ގޮތުގައި ވަޒީރެއްގެ ފެންވަރުގައި ގެންގުޅުއްވާ، ކޮލިއަލިމަނިކަކީ ވަރަށްގިނަ ފައިދާތަކެއް ސަރުކާރުގެ ނަމުގައި އަމިއްލައަށް ނަންގަވަމުން ގެންދަވާ ބޭފުޅެކެވެ.

ސަރުކާރުގެ މުދަލުން މުއްސަނދި ވެވަޑައިގެން ހުންނެވި އެފަދަބޭފުޅެއް ލައްވާއި އަދިވެސް އެޒާތުގެ ފުރުސަތުތައް ދެއްވައިގެން އޭނާކުރިޔަށް ނެރުއްވައިގެން ސަރުކާރަށް އުޅުއްވަން ޖެހިފައި މިވަނީ، ކީއްވެތޯއެވެ؟ ކިހިނެއް ވެގެންތޯއެވެ؟ އެނޫން ކުޅަދާނަ މީހަކު ނެތިގެންތޯއެވެ؟ އޭނާ ކުރައްވާ ކޮންމެކަމަކުން އޭނާއަމިއްލައަށް ބޮޑުފައިދާ ނަންގަވައެވެ. ރާއްޖެއަށް ފޮނުއްވަނީ އޭގެން ކޮޅުދާލިކޮޅެކެވެ. އަވަހަށް ހަލާކުވެވީރާނާވާ އެއްޗިއްސެވެ.

އަޅުގަނޑު ގާތުގައި އިސްލާމީ މަރްކަޒު ބިނާކުރުމަށް މާލެއައިޓީމުގެ އިސްބޭފުޅަކު ވިދާޅުވިއެވެ. އިސްލާމީ މަރުކަރުގެ ތަޅުމުގައި ޖެހުމަށް ފޮނުވާފައިހުރީ ޑުޕްލިކޭޓު ހިލައެވެ. އެއީ އަސްލު ސަންގުމަރުމަރު ހިލައެއްނޫނެވެ. އެހެނަސް އެތަޅުމުގައި ޖެހުމަށް ހަމަޖެހުނީ އޭނާއަށް އެނގިފައިވާ ގޮތުގައި ސަންގުމަރުމަރު ހިލައިގެ އަސްލުހިލައެވެ. އެންމެމޮޅު ސަންގުމަރުމަރު ހިލައިގެ ވައްތަރެވެ. އަދި އެކަމަށް ހިނގިޚަރަދު ހިނގާފައި ވެސްވަނީ އަސްލުހިލައިގެ އަގުންނެވެ.

މިމީހުންބުނެދިން ގޮތުގައި އެމީހުން މިމަސައްކަތް ކުރުމަށް މާލެއަށް ފޮނުއްވީވެސް އޭނާއެވެ. އަޅުގަނޑަކީ ވިޔަފާރި ދަންނަމީހެއްނޫނެވެ. އެހެނަސް މިއީ މެލޭޝިއާއިން މަނިކު ފިނުއްވާފައި ތިބި މީހުން އަޅުގަނޑަށް ބުނެދީފައި ހުރި ހަގީގީވާހަކަތަކެވެ. މިފަދަ ރަނުގެ ފުރުސަތެއް ލިބުނީމާ ދަންނަވާލުމަށް ހިތަށް ވަނީއެވެ. ދަންނަވަންތޯއެވެ! މިހުންނަނީ ބޮޑެތި ޚިޔާނާތް ނޫންތޯއެވެ. ދެން ރައީސް މައުމޫނު ވިދާޅުވިއެވެ.

އެބޭބޭފުޅުންނަކީ ޒަމާނުއްސުރެ ސަރުކާރުގެ ޚިދުމަތުގައި ތިއްބެވި، ގަދަރުވެރި މީހުންނަށް ވާތީއެހާފަސޭހައިން ދުރުކުރެވޭކަށް ނޯވެއެވެ. ދެން އަޅުގަނޑު ދެންނެވީ، އެފްޕީއައިޑީގެ ތަހުގީގުގެ ވާހަކައެވެ. މަނިކުފާނު އެފްޕީއައިޑީގެ މައްސަލަ ރައްޔިތުންގެ މަޖިލިސް ފެންވަރުގައި ތަހުގީގުކޮށް ބެއްލެވިކަމީ އަޅުގަނޑުމެން ކަހަލަ ގިނަބަޔަކު ހިތްހަމަޖެހި އުފާކުރިކަމެކެވެ.

އެހެންނަމަވެސް މިކަންވެސް ނިމުނު އިރު ވެގެންދިޔައީ ރައްޔިތުން އުފާކޮށްލައި ވަކިބަޔަކު ހިމާޔަތްކޮށް ދެއްވުމަށް ކުރެވުނު ކަމެއްގެ ގޮތުގައެވެ. ރައްޔިތުންނަށް ދެއްކެވި ހުވަފެނެއްގެ ގޮތުގައެވެ. މިމައްސަލަ ތަހުގީގުކުރި ކޮމެޓީން އެކުލަވާލި ރިޕޯޓުގެ އަސްލުކޮޕީތައް ވީނުވީތަނެއް ރައްޔިތުންނަށް ނޭނގެއެވެ. އަޅުގަނޑު ކިޔާލަން ވަރަށް ބޭނުންވި މައުލޫމާތު ތަކެކެވެ. އެހެނަސް ވަނީ ބަޔަކު ފޮރުވާފައެވެ.

އެރިޕޯޓު އަނބުރާ، ރައްޔިތުންގެ މަޖިލީހަށް ހުށައެއް ނާޅައެވެ. އަޅުގަނޑު ދަންނަވަންއޮތީ ތިޔަކުރެއްވި މަސައްކަތުގެ އަގުވަޒަންކުރެވޭނީ މަސައްކަތް މުޅިން ނިންމާލެއްވުނު ނަމައެވެ. އެރިޕޯޓު މަޖިލީހަށް ހުޅަހެޅި ރައްޔިތުންނަށް އަޑިއެނގޭގޮތަށް ތަހުގީގުކުރިޔަށް ދިއުމަކީ އަޅުގަނޑުމެން ވަރަށް އެދޭއެދުމެކެވެ. އަދި އަޅުގަނޑު ދުނިޔޭގައި ހުރެގެން ރައްޔިތުންގެ މަޖިލީހަށް ވަދެވޭދުވަހަކުން އެމައްސަލަ އަނބުރާ މަޖިލީހަށް ގެނެސް ރައްޔިތުންނަށް އެޚިޔާނާތުގެއަޑި އަންގައިދެވޭތޯ ކުރެވެންހުރި މަސައްކަތެއް ކުރާނަމެވެ.

މިހާރު އެރިޕޯޓުގެ އަސްލުތައް ވީނުވީތަނެއް ދަންނަމީހަކުވެސް ރަނގަޅަށް ވިއްޔާ ނުހުންނާނެއެވެ. ދިވެހިގައުމަށްޓަކާ މިފަދަ ޚިޔާނާތްތައް ބައްލަވާއި ދެއްވައި އެކަށީގެންވާ ފިޔަވަޅުތައް އެޅުއްވުމަކީ މަނިކުފާނުގެ އެންމެއިސް ވާޖިބުނޫންތޯއެވެ. ރައްޔިތުން ތިޔައިއްޒަތްތެރި މަގާމުގައި ކޮންމެފަސް އަހަރަކުން އެއްފަހަރު ތިޔައިއްޒަތްތެރި ކުރައްވަނީ އެބޭނުމުގައި ނޫންތޯއެވެ. އަޅުގަނޑަށް ގަބޫލުނުކުރެވިގެން މިއުޅެނީ، މިފަދަ ބައެއް ކަންތައްތަކެވެ. މިވާހަކަތައް ލިޔެ އެވާހަކަދައްކައި މިހަދަންޖެހެނީ އެހެންވެއެވެ.

މިނޫން އެހެން އެއްވެސް ބޭނުމެއް، އަދި މަގްސަދެއް އޮވެގެންނެއް ނޫނެވެ. ގައުމުގައި ހަމަހަމަކަމާއި އިޖްތިމާއީޢަދާލަތު ނެތިގެން ގޮސްފައިވާތީއެވެ. މުޖްތަމައުގެ ފޭރާންވީދި ކުދިކުދިވެފައި ވާތީއެވެ. މުޖްތަމައުގެ ސަލާމަތްތެރިކަމާއި އަބުރުވެރިކަން ގެއްލިފައި ވާތީއެވެ. އަމާންކަން ގެއްލި ޖަންގައްޔަކަށް ވެފައިވާތީއެވެ. ގާނޫނުތައްވަނީ ބާރުގަދަ ބައެއްގެ މުށުތެރޭގައެވެ. މިއީ އަޅުގަނޑު ދެންނެވި ވާހަކަތަކެވެ.

ދެން ރައީސް މައުމޫނު ވިދާޅުވީ ވަރަށް ސިޔާސީ ބަސްފުޅެކެވެ. އެފްޕީއައިޑީގެ ޚިޔާނާތްފަޅާ އެރުމާގުޅިގެން، ވަރަށް ރަނގަޅަށް ބޭރުގެ ލޮޔަރުން ބައިތިއްބައިގެން އެމައްސަލަ ބެލެންއޮތްހާ ފުންމިނެއްގައި ވަރަށް ރަނގަޅަށް ތަހުގީގުކޮށް ބެލީމެވެ. އެމައްސަލައިގެ އަޑިހޯދީމެވެ. އަދި އެތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހާ ހަމައަށް އަވަހަށް ގެނެވޭނެއެވެ. އަދި ނުގެނެވިފައެއް ނެތެއްނޫންތޯއެވެ.

އަދި އެކަންކުރާނެ ދުވަސް އެބައޮތް ނޫންތޯއެވެ. އެކަންތައް ސަރުކާރުން ކުރުވީބޭރުގެ ލޯޔަރުންލައްވާ ވަރަށް ފުރިހަމައަށެވެ. އަދި އެވަގުތު ކުއްލިގޮތުގައި އަޅަންޖެހުނު މުހިންމު ފިޔަވަޅެއް ވިއްޔާވާނީ ސަރުކާރުން އަޅުއްވާފައި ކަމުގައި ރައީސް މައުމޫނު ވިދާޅުވެ ދެއްވިއެވެ. ސިޔާސީގޮތުން އަޅުއްވަންޖެހުނު ފިޔަޅެއް ވިޔަސް އެޅުއްވި ވާހަކަ ވިދާޅުވެ ދެއްވިއެވެ.

ދެން މިވާހަކަ ނިންމާލަމުން އަޅުގަނޑު ދެންނެވީމެވެ. ތިޔަހާ ރަނގަޅަށް، ފުރިހަމަކޮށް އެފްޕީއައިޑީގެ ތަހުގީގުގެ ކަންތައް ނިންމެވިނަމަ އެތަހުގީގުގެ ރިޕޯޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާއި ދިވެހި ރައްޔިތުންނަށް އެކަންއެންގެވީސް ނޫންތޯއެވެ. ތިޔަވިދާޅުވާ ކަހަލަ، އެހާފުރިހަމަ ރިޕޯޓެއް އެކުލަވާލެވުނީމާ އެންމެ ފުރިހަމަގޮތަކީ ރައްޔިތުންގެ މަޖިލީހަށް އެރިޕޯޓު ހުށަހަޅައި ދެއްވުމެވެ. ރައްޔިތުންނަށް އެތަހްގީގުގެއަޑި ހާމަވާގޮތަށް އެންގެވުން ނޫންތޯއެވެ. އެރިޕޯޓު ކިޔާލަން ބޭނުންވާ ބައިވަރު މީހުން ތިބޭނެއެވެ.

ދެންވެސް ވިދާޅުވީ އަދި އެކަން ނުކުރެވިފައެއް ނެތެއްނޫންތޯއެވެ. ދެންވިދާޅުވެދެއްވީ އަޅުގަނޑު މެންގެ ބަންދުވުމުގެ ކަންތައް ހިނގާދިޔަގޮތުގެ ވާހަކައެވެ. ރައީސް މައުމޫނު ވިދާޅުވިއެވެ. މިހިނގާދިޔަ ކަންތައްތަކާ ދޭތެރޭގައި، އިލްޔާސާއި އިލްޔާސްގެ އާއިލާއާ މެދުގައި އެއްގޮތަކަށް ވެސް ތިމަންނާގެ ހިތުގައިޒާތީގޮތެއް ހަސަދަވެރިކަމެއް ނެތެވެ. އެއްގޮތަކަށް ވެސް މިއީޒާތީގޮތުން އިލްޔާސްގެ އާއިލާއަށް އަނިޔާއެއް ދިނުމުގެގޮތުން ބަޔަކު ހިންގިކަމެއް ނޫނެވެ. އެގޮތުގައިދެކިގެން ނުވާނެއެވެ.

އެއީ މުޅިންނުބައި ވިސްނުމެކެވެ. ދޫކޮށްލަން ޖެހޭ ވިސްނުމެކެވެ. މިއީ ސަރުކާރަށް ލިބުނުރިޕޯޓަކާ ގުޅިގެން ހިންގިތަހްގީގެއްގެ ނަތީޖާއެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. ޝަރީޢަތުގެ މަޖިލީހުގައި އަޅުގަނޑު ތިޔަގޮތަށް ތިޔަވާހަކަތައް ތަކުރާރުކޮށް ދެއްކީމެވެ. އެގޮތަށް އެކަންތައްކުރީ ތަހުގީގުތެރޭގައާއި ޝަރީއަތުގެ މަރުހަލާގައި ކަންތައްހިނގާ ދިޔަގޮތުންނެވެ. ޝަރީޢަތުގެ މަޖިލީހުގައި ގާޒީއާއި ދައުލަތުގެ ވަކީލާދިމާއަށް އަޅުގަނޑު ތިޔަހެން ތިޔަގޮތަށް ދެންނެވީމެވެ.

ރައީސް މައުމޫނު ސިޔާސީގޮތުން ފިލުވާލެއްވި ހަސަދައެއްގެ ގޮތުގައި ސިފަކޮށް ވާހަކަދެއްވީމެވެ. އަދި ވަކިބައެއްކަން ބެދެނީ ސާފުކޮށް އެނގުމުން، ޒާތީގޮތުން ކުރެއްވިކަމެކޭ ވެސް ދެންނެވީމެވެ. އެއީ އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ހަގީގަތެއް ވުޖޫދުގައި ވާތީއެވެ. އަދި ކަންތައް ހިނގާދިޔައީ އެގޮތަށްކަމަށް ވާތީއެވެ. އަޅުގަނޑު ޝަރީޢަތުގެ މަޖިލީހުގައި، އަޅުގަނޑު މެންނާ ދޭތެރޭގައި ޝަރީޢަތްކޮށް ފިޔަވަޅު އަޅާފައިވަނީ، ޒާތީގޮތުން ހަސަދަވެރިކަމާ އެކުގައޭ ދެންނެވީ، އެކަމުގެ ސާބިތުހެކިތައް ކުރިމަތީގައި ފެންނަން ހުރީމައިކަމަށް އަޅުގަނޑު ދެންނެވީމެވެ.

ބިންބިފޯހާއި ސިފައިން އަޅުގަނޑުމެން ބައްދަންވެގެން ކުރިބުރަ މަސައްކަތުން އަޅުގަނޑުމެން އެކަހެރިކޮށްލާއި ތާށިކޮށް، އަޅުގަނޑުމެންނަކީ ކޮންބަޔެއްކަން ކޮންމޫނުތަކެއްކަން ކަށަވަރުވީމާ، ރައީސްއޮފީހުން ފޮތްނެރެގެން އިއްޒަތްތެރި މެންބަރުންނަށް އެކިގަޑިތަކަށް ދަންނަވައިގެން ޖަލްސާތައް ރޭގަނޑާއި ދުވާލާއެކު ބާއްވައިގެން ޓެރަރިޒަމް ގާނޫނެއް ފާސްކުރެއްވުމަށް ފަހު، އެގާނޫނުގައި އެގާނޫނުފާސް ކުރުމުގެ ކުރިންކޮށްފައިވާ ކުށްތަކަށް އެގާނޫނުގެ ދަށުން ހުކުމް ކުރެވޭގޮތަށް އެގާނޫނުގައި ވަކިމާއްދާއެއް ހިމެނީ ސީދާ އަޅުގަނޑު މެންނަށް އަމާޒުކޮށް ބޮޑުވެގެންވާ ހުކުމެއް އިއްވާއި ޓެރަރިސްޓުންގެ ގޮތުގައި މުޅިދުނިޔެއަށް ލޭބަލް ކުރެއްވުމުގެ މަގްސަދުގައިކަން ކަށަވަރުވާތީ ކަމަށް، ދެންނެވީމެވެ.

އަޅުގަނޑުމެން ބަންދުގައި ބައިތިއްބައިގެން ޓެރަރިޒަމް މަނާކުރާ ގާނޫނެއް އެކުލަވާލާއި މަޖިލީހުން ފާސްކޮށް އެގާނޫނުގެދަށުން ހުކުމްކުރެއްވީމާ ޒާތީގޮތުން ކުރެއްވިކަމެކޭ ފާޅުގައި އަޅުގަނޑު ދެންނެވީއެވެ. ޝަރީއަތުގެ މަޖިލީހުގައި އެވާހަކަ ގޮވީއެވެ. ރާއްޖޭގެ ތާރީޚުގައިގިނަ ކަންތައް ކުރީގެ ސަރުކާރުތަކުން ކުރައްވާފައިހުރީ ވެސް މިކަހަލަ ލާއިންސާނީ، ނާތަހްޒީބު ގޮތަކަށެވެ. ރައީސް މައުމޫނަކީ އެކަންކަން ބަދަލު ކުރައްވާނެ ބޭފުޅާ ކަމުގައި ވާންޖެހެއެވެ.

ގާނޫނުލް އުގޫބާތު އެކުލަވާލެވުނީ ވެސް، ހައްޔަރު ކުރެވުނު ބަޔަކު ޖަލުގެ އަނދިރީގައި ބައިތިއްބައިގެން އެމީހުންނަށް ބޮޑެތިހުކުމްތައް އިއްވުމަށެވެ. ސީދާގާނޫނު އަސާސީއަށް ބަލައިލިޔަސް އެކަންތައް ވެސް ވުޖޫދަށް ގެނެވިފައިވަނީ ދެއާއިލާއެއްގެ ފިތުނައަށް އަމާޒުވެގެން ކަމަށް މަނިކުފާނުގެ ބޭބެ އަބްދުލްހަކީމް ހުސައިން މަނިކު ލިޔުއްވާފައި ވެއެވެ. އަދި ގިނަދިވަސްތަކުގެ މަތިން އަޅުގަނޑު އެގެއަށް ގެންދަވައިގެން މިވާހަކަތައް ވަނީ ތަކުރާރުކޮށް ކިއައިދެއްވާފައެވެ.

މިޒަމާނަކީ އެފަދަކަންތައް ސަގާފަތުގެ ތެރެއަށް ދޫކޮށްލައްވާއި އިންސާނީކަރާމަތާއި އިންސާނީހައްގުތައް ދެމެހެއްޓުމުގެ ތަހުޒީބީ ރަންޒަމާނެވެ. ދުނިޔޭގެ ތަރައްގީ ދަތުރުކުރަނީ އެއަތަށެވެ. މިދަނޑިވަޅުގައި ބަޔަކުބަންދުގައި ބައިތިއްބައިގެން، ތެޅިފޮޅިގަނެގެން ގާނޫނެއް ފާސްކޮށް އެބަޔެއްގެ މައްޗަށް ހުކުމްއިއްވާނީ ވަކިބަޔަކު ޓެރަރިސްޓުންނަށް ހެދުމަށްކަމަށް، އަޅުގަނޑު ދެންނެވީމެވެ. މިއީ އަޅުގަނޑަށް ގަބޫލު ކުރެވިފައި އޮތްގޮތް ކަމުގައި ދެންނެވީމެވެ.

މިގާނޫނުފާސްކުރީ އަޅުގަނޑު މެންނަށް ހޭއަރުވާލާއި އުމުރަށް ނެތިކޮށްލުމުގެ ބޭނުމުގައިކަން އަޅުގަނޑުމެންނަށް އޭރުގަބޫލުކުރެ ވިފައިވާ ވާހަކަވެސް ދެންނެވީމެވެ. ހިތުތެރޭގައި އެނބުރެމުން ދިޔަގޮތަކީ މިއީ އެވެ. މާފުދެއްވާއި މިނިވަން ކުރައްވާނެ ކަމަކަށް ދުވަހަކު ވެސް ހިތަކަށް ނާރައެވެ.  އެހެނަސް، ﷲގެ ހެޔޮރަހްމަތްފުޅުން މިއަދު މަނިކުފާނުގެ ހިތްޕުޅަށް ހަމްދަރުދީއާއި ކުލުނުގެ އަސަރުކޮށް ފައިވާތީ އަޅުގަނޑުމެންނަށް ތިޔަމައާފު ދެއްވީއެވެ. އެއީ އީމާންތެރިކަމުގެ މިސާލެކެވެ. އެކަމާ ނިހާޔަތަށް ޝުކުރުވެރި ވަމެވެ.

ބަޔަކަށް ހޭއަރުވާލާ ބީދައިން ތަހުގީގުކޮށް ޝަރީޢަތަށް މިކަންތައް ސަރުކާރުން ގެންގޮސްފައިވާތީ، ޒަތީގޮތުން މަނިކުފާނު ކުރެއްވި ކަމެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި އަޅުގަނޑު، އެގޮތަށްބުނަމުން ދިޔައީ ގަސްދުގައެވެ. އަދި މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބުކަމުގައި ހުންނެވި އެންމެބާރުގަދަ، އޮނަރަބްލް އިލްޔާސް އިބްރާހީމް، މިކަންތައްގަނޑުގެ ހުރިހާބަދުނާމެއް އެޅުއްވީ، ރައީސް މައުމޫނުގެ އިސްތަށިފުޅު ގައެވެ. އާދެ ބޮލުގައެވެ. ތިޔައިއްޒަތްތެރި މަނިކުފާނު އަޅުއްވާނީ އޭނާގެބޮލުގައެވެ.

ކޮންމެއަކަސް އަޅުގަނޑު އަދިވެސް ގަބޫލުކުރާނީ، މިކަމަކީޒާތީގޮތުން އަޅުގަނޑު މެންނާ ކުރިމަތިކުރުވިބޮޑު ސިޔާސީ ގޯނާކުރުމެއް ކަމުގައެވެ. އިލްޔާސް ކުރެއްވި ކަމަކަސް ވެސް ވެދާނެއެވެ. އެހެނަސް ވެރިމީހާއަކީ މަސްއޫލުބެރިޔާއެވެ. މުޑުދާރު ސިޔާސީ ކަންތައްގަނޑެއް ކަމުގައި ވެދާނެއެވެ. އެއީ ވެސް ރައީސަށް ފަހު ވެރިކަން ކުރައްވަން އެދޭނެ ބޭފުޅެކެވެ. މިހާރު އެވަނީ އެކަން ތިލަވެސް ވެފައެވެ.

މިރޮނގުން ވަރަށްދިގުކޮށް، ވިއްސަކަށް މިނެޓަށްވުރެ ގިނައިރު މިބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ވަރަށްދިގުކޮށް މިވާހަކަތައް ދެއްކުމަށްފަހު، ދެންއަޅުގަނޑު ދަންނަވާނެ އިތުރުވާހަކައެއް ނެތްކަމާއި މިއަދު އަޅުގަނޑު ހަގީގަތުގައި ވެސް މިފުރުސަތު ދެއްވީމާ ވަރަށް އުފާވެއްޖެކަމަށް ދެންނެވީމެވެ. ކޯފާވެނުލައްވައި އަޅުގަނޑުގެ ހުރިހާ ވާހަކަތަކެއް އެއްސެވީމާ އުފާކުރަމެވެ.

އަޅުގަނޑު ބޭނުންވާހާ ވާހަކައެއް ބޭނުންވީހާގޮތަކަށް ބޭނުންވަރަކަށް ދެންނެވުމުގެ ފުރުސަތާއި ވަގުތު ދެއްވީތީ، ހިތުގެއަޑިން ޝުކުރުވެރިވާ ވާހަކަދެންނަވާފައި، ދެން އިތުރަށް ދަންނަވާނެ ވާހަކައެއް ނެތްކަމަށް ދެންނެވީމާ، ރައީސް މައުމޫނު ވިދާޅުވިއެވެ. މިހާރުތިޔަ އިންނެވީ، އިލްޔާސްގެ މައްޗަށް އިއްވިފައިހުރި ހުރިހާ ހުކުމަކުން މިނިވަންވެ މުޅިން ސާފުވެފައެވެ. ތިމަންނާގެ ފަރާތުން މާފުދީފީމެވެ. ތިމަންނާއަށް ގާނޫނުއަސާސީން ލިބިގެންވާ ބާރުގެދަށުން އިލްޔާސް މިނިވަންކޮށް މިދޫކޮށްލީއެވެ. މިހާރުން ފެށިގެން މިނިވަން ވީއެވެ. ގެއަށްވަޑައި ގަންނަވަންވީއެވެ.

ދެންމާދަމާ، މިއޮފީހުން އިލްޔާސާ ގުޅާނެއެވެ. ދެން އަނެއްކާވެސް ޝުކުރު ދެންނެވުމަށް ފަހު، އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑާއެކު ބަންދުކުރި ސަރުކާރުގެ ވަޒީފާގައި ތިއްބެވި، އެހެންމީހުން ކަމުގައިވާ، މުހަންމަދު ޝަފީގު ސައްޕެއާއި މުހަންމަދުރަޝީދު ހުސައިން ބިގޭއާއި މިފަދަމީހުންނަށް ވަޒީފާއިންވަކި ކުރެއްވިކަން އެއޮފީސްތަކުން ޖަލަށް ފޮތެއްފޮނުއްވައި ސޮއިކުރުވާފައި އެންގިއެވެ.

އެހެނަސް އަޅުގަނޑަށް އަދިވެސް އަޅުގަނޑުގެ ވަޒީފާއިން ވަކިކުރެއްވިކަން ވަނީ ނާންގަވައެވެ. އެކަމާއަޅުގަނޑު މަނިކުފާނަށް ވަރަށް އިޚްލާސްތެރި ކަމާއެކު ޝުކުރުވެރިވަމެވެ. އަޅުގަނޑު ވަޒީފާއިން ވަކިކުރެއްވިކަން ނާންގަވާތީ އަޅުގަނޑު ގަބޫލުކޮށްގެން މިހުރީ އަދިވެސް އެއްކޮށް ވަކިނުކުރައްވައި ވަޒީފައިގައި ވަޒީފާއަށް ނުނިކުންނަ ގޮތަށް، ޖަލަށް ގެނެވުނު އިރުވެސް ބަހައްޓަވާފައި ހުރިގޮތަށް ބަހައްޓަވާފައި ހުރީކަމަށެވެ.

ދެން ރައީސް މައުމޫނު އަޖައިބުވެ ވަޑައިގެން ސުވާލުކުރެއްވިއެވެ. އިލްޔާސަށް ހަމަނާންގަވަނީ ތޯއެވެ؟ އާދޭހޭ ދަންނަވާފައި އަޅުގަނޑަކީ އަދިވެސް ސަރުގައިހުރި މީހެކޭ ދެންނެވީމެވެ. އިސްލާމީ މަރުކަޒުން ފޮތެއްގައި ލިޔެ ސޮއިކުރުވާ އެންގަވާފައި ވަނީ ވަޒީފާއަށް ނުނިކުންނަ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވައިގެން ގޭގައި ބެހެއްޓެވީ ކަމަށެވެ.

އެއްވެސް އޮފީހަކުން އަޅުގަނޑަށް ސަރުކާރުން ވަކިކުރެއްވިކަމެއް ނާންގަވައޭ އަޅުގަނޑު ތަކުރާރުކޮށް ދެންނެވީމާ ރައީސް މައުމޫނު ވިދާޅުވިއެވެ. އިލްޔާސަށް ޝަރުޢީހުކުމެއް އިއްވިފައިވާތީ ސަރުކާރުގެ ގަވާއިދުތަކުގެ ދަށުން، އިލްޔާސްގެ ވަޒީފައިން ވަކިވާންޖެހޭނެ ކަމަށް ހީފުޅުކުރައްވާ ކަމަށް ވިދާޅުވެ ދެއްވިއެވެ. ކޮންމެވެސް ފަރާތެއްގެ އިހްމާލުން، އެކަން ނުކުރެވި އޮތީކަމަށް ވެދާނެކަމަށް ވިދާޅުވިއެވެ.

އިލްޔާސް ގެއަށްވަޑައިގެން ތިކަމާވެސް ރައީސް އޮފީހަށް ސިޓީއެއްލިޔުއްވާއި އަދިވެސް ސަރުކާރުގެ ވަޒީގައި ހުންނަން ބޭނުންވާކަމުގައި ލިޔެލައްވާށެވެ. އޭރުން އެކަންތައް ހަމަޖެހޭނެއެވެ. ދެން އަޅުގަނޑު އުފާކޮށް ސަލާންގަލާން ކުރުމަށްފަހު، އެމަނިކުފާނުގެ ކޮޓަރިކޮޅުން ނުކުތީއެވެ. ބޭރުގައި އިސްތިގުބާލުގައި އިސްތަފާއާއި އަންބަރީ ހުންނެވިއެވެ.

ދެން އަޅުގަނޑު ގެންދެވީ، އިސްތަފާގެ މޭޒުކައިރިއަށެވެ. އެއަށްފަހު، ދެންތިރިއަށެވެ. ހިނގާމިދިޔައީ ކުއްލިޝޮކެއް ކަހަލަ ނާދިރު ބައްދަލުވުމެކެވެ. އަޅުގަނޑު އެންމެ އަޖާއިބުވީ އަޅުގަނޑުބޮޑު ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ހުކުމްކުރެވި ބަންދުގައި ބަހައްޓައިގެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަދި ސިފައިންގެ އެންމެމަތީ ވެރިޔާގެ ކުރިމައްޗަށް، ކޮމާންޑްނެރުއްވަން އިންނަވާ ޚާއްސަ ކޮޓަރިކޮޅަށް ވެއްދިވަގުތު، ރައީސް މައުމޫނު އަދި ސިފައިންގެ އެންމެމަތީވެރިޔާ ކަމުގައިހުންނެވި މައުމޫނުއަބްދުލް ގައްޔޫމް، އިންނެވިމޭޒުގެ ގޮނޑިކޮޅުން ކޮޅަށް ތެދުވެވަޑައިގެން، އެގޮނޑިކޮޅުން ފިޔަވަޅެއްވަރު ކުރިޔަށް ޖެހިލައްވައި އަޅުގަނޑާ އަތާއަތްޖޯޑުކޮށް ސަލާމް ކުރެއްވުމަށްފަހު، އަރަބިބަހުން އަވަހަށް ވަޑައިގެން އިށީންނަވާށޭ ވިދާޅުވި ވިދާޅުވުމާ ގުޅިގެންނެވެ.

މިއީ އެއްވެސް ޝައްކެތްނެތް ގޮތުގައި ރައީސް މައުމޫނުގެ މާތްއަޚްލާގެވެ. އެމަނިކުފާނުގެ ހިތްތިރިކަމެވެ. ހިލްމުވެރިކަމެވެ. އަޅުގަނޑައި ދޭތެރޭގައި ހަރުކަށިކަމެއް، ބޮޑާކަމެއް ނުގެންގުޅުއްވާ ކަމެވެ. އަޅުގަނޑު ތަންކޮޅެއް ދުރުގައި ނުވަތަ އަރިމަތީގައި އާދައިގެ ގޮނޑިއެއްގައި ބޭންދެވިނަމަ ވެސް އެކަން ކުރެއްވުނީހެވެ. އަދި ބޭނުންފުޅުވި ނަމަ އަޅުގަނޑަށް އިތުރު ވާހަކަ ދެއްކުމުގެ ފުރުސަތުން ނުދެއްވީހެވެ.

އެކަމަކު ވެސް އަޅުގަނޑު ސިޔާސީ ހުކުމެއްގައިހުރި ބޮޑުކުށްވެރިއަކަށް ވީހިނދުވެސް އެއޮފީހުގެ އެންމެމަތީ ގަދަރާއި ޝަރަފު އަޅުގަނޑަށް ރައީސް މައުމޫނު ދެއްވުމަކީ، އެމަނިކުފާގެ މާތްކަމެވެ. ހިތްތިރިކަމެވެ. އަޚުލާގެވެ. މިކަން އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރަން ޖެހެއެވެ. ހަގީގަތަކީ އެއީއެވެ. އަޅުގަނޑު މައްޗަށްއޮތް ވާޖިބަކީ އެއީއެވެ. އެހެންވުމާއެކު މިއަދު މިގަޑީގައި ވެސް އެމަނިކުފާނަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު އެކޮޓަރިކޮޅަށް ވެއްދުމުން ކޮންމެހެން، ރައީސް މައުމޫނު އިންނެވި ގޮނޑިކޮޅުން ތެދުވެވަޑައި ގަންނަވާކަށް ނުޖެހޭނެއެވެ. ރައީސް މައުމޫނުގެ ފަރާތްޕުޅުން ފެނިގެންދިޔަ އަޚްލާގީ ސިފަތަކަކީ، އަޅުގަނޑުގެ ހިތުތެރޭގައި އެމަނިކުފާނަށް ހަމްދަރުދީއާއި އުޚުއްވަތްތެރިކަން އަބަދުގެ އަބަދަށް އުފެދުނު ކަމެކެވެ. އަދި އަބަދާއަބަދަށް ވެސް މިކަންހަނދާން ހުންނާނެއެވެ. އަޚުލާގަކީ ހިތްތައް ފަތަހަކޮށްލާ އެއްޗެކެވެ. މިހަނދާނާއެކު ސައްޔިދު އަބުލްއަޢުލާ މައުދޫދީގެ ޚާއްސަ ކޮޓަރިކޮޅަށް އަޅުގަނޑު ވެއްދެވިހަދާން އާވެގެންދެއެވެ.

އެމަނިކުފާނުވެސް އެދުވަހު އިންނެވީ ބޮޑުކޮޓަރި ކޮޅެއްގައި މިފަދަގޮތަކަށެވެ. އެދުވަހު އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތްޕުޅަކީ ލިޔުއްވަން ފައްޓަވައި ނުނިމިއޮތް ފޮތެއްނިންމާ ލެއްވުމުގެ މަސައްކަތްޕުޅެވެ. މިކަންހިނގީ އަޅުގަނޑު ޕާކިސްތާނުގައި ކިޔަވަންހުރި ދުވަސްވަރު އަޅުގަނޑުމެން ނެރެމުން ގެންދިޔަ ކިޔަވާކުދިންގެ މަޖައްލާއެއް ކަމުގައިވާ، “ޞައުތުލް އިސްލާމް” މަޖައްލާގެ މުޙައްރިރެއްގެ ހައިސިއްޔަތުން އެމަނިކުފާނުގެ ފައިންޕުޅު ދުށުމަށް ލާހޫރަށް ދިއުމަށް އެމަނިކުފާނު ދެއްވި ޚާއްސަ ދައުވަތެއްގެ ތެރޭގައެވެ.

އާދެ! ދެން އަޅުގަނޑު ގާތުގައި، އަންބަރީއާއި އިސްތަފާ ވިދާޅުވީ، މިހާރު އިލްޔާސް ގެއަށް ދުރުވަންވީއެވެ. ތިޔަހުރީ ހުރިހާކަމަކުން، މިނިވަންވެފައެވެ. ދެން އިސްތަފާ އަރިހުގައި ކުޑަކޮށް ވާހަކަދައްކާލުމަށް މަޑުކޮށްލާފައި ދެން ނުކުތީގެއަށް ދާށެވެ. މިނިސްޓްރީ އޮފް ޑިފެންސްގެ ތިރީން އަޅުގަނޑާ ހަވާލުވި އޮފިސަރުގާތުގައި އަޅުގަނޑުގެއަށް ދިއުމަށް ވެހިކަލެއް ބޭނުންވާނެއޭ މިތަނަށް ގެނައިވެސް ވެހިކަލެއްގައި ނޫންތޯއޭ ދެންނެވުމުން، ގެއަށް ފޮނުއްވައިދެއްވީ ސިފައިންގެ ވެހިކަލެއްގައެވެ.

ގެއަށްއައިސް އަޅުގަނޑު ވަރަށް އުފާވިއެވެ. އެންމެފުރަތަމަ ވެސް ދެރަކްޢަތް ނަމާދެއްކޮށް، ﷲއަށް ޝުކުރުދެންނެވީމެވެ. މިހުރިހާދުވަހު، ﷲގެ ބެއްލެވުމުގެ ދަށުގައި ސަލާމަތް ތެރިކަމާއި ހިފާޒަތްތެރިކަމުގެ ހިޔާވަހިކަމުގައި ފުރިހަމަ ސިއްހަތުގައި ލެހެއްޓެވީތީ އެތައްހާސް ޝުކުރަކާއި ހަމްދުސަނާ ދެންނެވީމެވެ. ބުއްދިސަލާމަތުން ލަހައްޓަވާއި ޖައްބާރުންނާއި ޖިންނިޝައިޠޯނުންގެ ވަޙްޝީ ހަމަލާތަކުންނާއި ނުބައި ވަސްވާސްތަކުން މިންޖުކުރައްވައި ސަލާމަތް ކުރެއްވީތީއެވެ!

އަދި މިއަޅާތެދުމަގުގައި ސާބިތުކަންމަތީގައި ލަހައްޓަވާއި އިސްލާމްދީނަށާއި ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުމުގައި އަބަދަށް ދިރިހުރިހާ ދުވަހަކު ދެމެހެއްޓެވުން އެދިއެވެ! އަދި އަނިޔާވެރިންގެ ކުރިމަތީގައި ހައްގުބަސް ބުނުމުގައި ދެމެހެއްޓެވުން އެދިއެވެ! މިހާހިސާބުން، 879 ދުވަހުގެ މިދިގުބަންދު ނިމުމަކަށް އައިސް، ﷲގެ ރަހްމަތުން މިނިވަންވުމުގެ ސިއްކަ ޖެހުނީއެވެ! އަލްޙަމްދުލިއްލާހި ރައްބިލްޢާލަމީން! އާމީން! އިތުރަށް މިގެނެސްދެނީ މިބަންދާގުޅިގެން ހިނގިއިތުރު ކަންތަކުގެ ވާހަކައެވެ.

މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

ހަމަމިއަދުގެ ވަގުތެއްގައި ސައްޕެ ދޫކޮށްލެއްވިކަމަށް ޚަބަރުލިބުނެވެ. މިއީމެންދުރު ހިނގިކަމެއްކަމަށް ވެއެވެ. ހަމަ މިއަދު ދެންދޫކޮށްލެއްވީ ގ.އުތުރުގޭ މުހަންމަދުޚަލީލް މައްކޮއެވެ. އިސްތަފާއަރިހަށް ޕްރިސަންސަށް ގެންދަވާފައި މިނިވަންކޮށް ދޫކޮށްލެއްވީއެވެ. މެންދުރުފަހުގެ ވަގުތެއްގައި އޮނަރަބްލް އަބްދުއްﷲ ކަމާލުއްދީން ގުޅުއްވާފައި އިލްޔާސް ދޫކޮށްލެއްވީތީ އުފާކުރާކަމާއި މަރްހަބާ ވިދާޅުވުމަށް ގުޅާލެއްވީކަމަށް ވިދާޅުވިއެވެ.

މައްކޮއާއި އިލްޔާސް މިނިވަންވީ ޚަބަރުއެއްސެވި ކަމާއި އެކަމާއެމަނިކުފާނު އުފާކުރައްވާ ކަމަށް ވިދާޅުވެ ދެއްވިއެވެ. އަދި ޖަލުގައި އިލްޔާސް ހުންނަވައިގެން ފޮނުއްވިސިޓީ ލިބިލެއްވިވާހަކަ ވެސް ވިދާޅުވިއެވެ. ގުޅާލަދެއްވީތީ އަޅުގަނޑު، ވަރަށްޝުކުރު ވެރިވީމެވެ. އަދި ވެސް ހަންދުއޮތީ، އައިޖީއެމް ހޮސްޕިޓަލުގައެވެ. ބިގޭހުރީ، ރ.އަތޮޅު ކިނޮޅޮހުގައެވެ.

21 މެއި 1993 ވީހުކުރު، ދުވަހެވެ. މިއަދު ރައީސް މައުމޫނު އަރިހަށް، ފޮނުވުމަށް ސިޓީއެއްޑްރާފްޓް ކުރީމެވެ. މާދަމާއޮފީސްތައް ހުޅުވުމުން ފޮނުވާލާ ގޮތަށެވެ. މިސިޓީއަކީ ރައީސް މައުމޫނު ވިދާޅުވިގޮތަށް ވަޒީފާކަންތައް ހަމަޖައްސައި ދެއްވުންއެދި ދަންނަވާސިޓީއެވެ.

22 މެއި 1993 ވީހޮނިހިރު ދުވަހު، އިއްޔެ ލިޔުނުސިޓީ ރައީސް އޮފީހަށް ރައީސުލް ޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ފޮނުވާލީމެވެ. މިސިޓީގެ ސްކޭންކޮޕީ އަޅުގަނޑުގެ ސައިޓަށް ލެވޭތޯބަލާނަމެވެ. ބައްލަވާލައްވާށެވެ.

24 މެއި 1993 ވީހޯމަ ދުވަހު، މިނިސްޓްރީ އޮފް އެޓޮލްސުން ފޯނުކޮށްގެން އެއޮފީހަށް އަޅުގަނޑު ގެންދިޔައެވެ. ޑޮކްޓަރ މުހަންމަދު ލަތީފް އެދިވަޑައި ގަނެގެން އޭނައާ ބައްދަލު ކޮށްލުމަށެވެ. ޑޮކްޓަރ ލަތީފަކީ އޭރުއެމިނިސްޓްރީ ހިންގެވުމާ ހަވާލުވެގެން ހުންނެވި އެމިނިސްޓްރީގެ ނައިބެވެ. އަޅުގަނޑު އޭނާގެއަރިހަށް ވައްދަވާފައި ފުރަތަމަ ވެސް އެއްސެވީ، އިލްޔާސަށް އެޓޮލްގައި އުޅުއްވި ދާނެތޯއެވެ؟ އަޅުގަނޑު އާދޭހޭ ދެންނެވީމެވެ. އަދި ކީއްވެތޯއޭ ނޫޅެވެންވީ ދެންނެވީމެވެ.

އަޅުގަނޑުގެ ގާބިލިއްޔަތުހުރި އެންމެފުޅާ މިނެއްގައި އެޓޮލްސްގައި ވަޒީފާ އަދާކުރެވިދާނެ ކުޅަދާނަކަން އަޅުގަނޑުގައިގާ ހުންނާނޭ ދެންނެވީމެވެ. ދެންގޭގެ ވާހަކަތައް އައްސަވާފައި ޑޮކްޓަރ ވަހީދާއި ދޮންދައްތަ އިލްހާމްގެ ވާހަކަތައް އައްސަވާލައްވައި ހެއްދެވުމަށްފަހު ވިދާޅުވީ، އެންމެ ރަނގަޅެވެ. ގެއަށް ވަޑައިގަންނަވާށެވެ. ވަޒީފާގެކަންތައް ހަމަޖެހޭނެއެވެ. އެކަންކުރައްވާނީ ރައީސް އޮފީހުންނެވެ.

ދިގުދުވަސްތަކަކަށް ފަހު، މިއީ ފައިމަގު ހިނގާފައި ގެއިންނުކުތް ފުރަތަމަ ފަހަރެވެ. މިދުވަސްކޮޅު އަޅުގަނޑު އުޅެން ޖެހިފައިވަނީ ފައިމަގުގައި ހިނގާފައެވެ. ހިނގާބިނގާވެ އުޅެނީ، ހޫއްޓޭލައްވާ ހެއްދި އަސާގަނޑު ހިފައިގެންނެވެ. އޭގެއެހީއާއި ސަހާރާލިބި ގަނެގެންއެވެ. މިއީ ބައިސްކަލަށް އެރީމާ އަޅުގަނޑުގެ އުނަގަނޑަށް ތަދުވާތީ ކުރަންޖެހުނު ކަމެކެވެ. މިތަދުއެރީ އެއްހުޅުބިޑީގައި އޮތްދުވަސްވަރު ގައެވެ. އޭގެފަހުން ވިއްސާރަވެ ފިނިވެލާއިރަށް މިތަދު އަބަދުވެސް ބޮޑަށް އަރައިގަނެއެވެ.

27 މެއި 1993 ވީބުރާސްފަތި ދުވަހު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން، ވައިޖެހޭ އިބްރާހީމް ރަޝީދުގެ ދަރިކަލުން، ޑޮކްޓަރ އާސިމް އަޅުގަނޑަށް ގުޅުއްވާފައި އިލްޔާސަށް މިނިސްޓްރީ އޮފް އެޓޮލްސްއިން ވަޒީފާއެއް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވައިފިކަމަށް ވިދާޅުވިއެވެ. މިވާހަކަ އަޅުގަނޑުކާރީގައި ވިދާޅުވީ ވަރަށްހެދުނު ގާތްގަނޑަކަށް، އަށެއްޖަހާ އެހާކަންހާއިރުއެވެ.

ކޮންމަގާމެއްތޯ އަޅުގަނޑު ދަންނަވާލީމާ ވިދާޅުވީ، ކުރިންވެސް ހުންނެވި ފެންވަރުގެ މަގާމެއް ކަމުގައިވާ، އެސިސްޓެންޓް އަންޑަރ ސެކްރެޓަރީގެ މަގާމްކަމަށެވެ. މިއީ އަޅުގަނޑު ބަންދުކުރިއިރު ވެސް އިސްލާމީ މަރްކަޒުގައި ހުރިފެންވަރުގެ މަގާމެކެވެ. މުސާއިދު އަމީނުލް މަކްތަބާއަކީ މިފެންވަރުގެ މަގާމެކެވެ. ވަޒީފާގެކަންތައް ހަމަޖެހިއްޖެކަން ރަސްމީކޮށް އެންގުމަށް، އިލްޔާސަށް ދެންނެވީކަމުގައި އާސިމް ވިދާޅުވިއެވެ. އަޅުގަނޑު ޝުކުރިއްޔާއޭ ދެންނެވީމެވެ.

އަދި ހަމަމިއަދު މެންދުރެއްހާއިރު، މިނިސްޓްރީ އޮފް އެޓޮލްސްއިން އަޅުގަނޑާގުޅާފައި މިނިސްޓްރީ އޮފް އެޓޮލްސްގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީގެ މަގާމަށް އިލްޔާސް ހަމަޖެއްސެވުމަށް ފަހު، އެކަން ރައީސްއޮފީހުން އެމިނިސްޓްރީއަށް އަންގަވައިފިކަމާއި ދެން ސަރުކާގެ އޮފީސްތައް ހުޅުވޭދުވަހު، އިލްޔާސް އެޓޮލްސްއަށް ނުކުތުމަށް އެންގީކަމަށް ބުންޏެވެ. އަޅުގަނޑު އާދޭހެވެ، ﷲގެ އިރާދަފުޅާއެކު ނުކުންނާނަމޭ ދަންނަވާފައި ފޯނުބޭއްވީއެވެ.

ވީމާ މާދަމާ ހުކުރުދުވަސް ދޫކޮށްލާފައި ހޮނިހިރު ދުވަސްވާނީ، ޖަލުން މިނިވަންވިފަހުން ފުރަތަމަ ފަހަރަށް ސަރުކާރުގެ އޮފީހަކަށް ރަސްމީކޮށް ނުކުންނަ ފުރަތަމަ ދުވަހަށެވެ. ދޫކޮށްލީ، 20 މެއި 1993 ގައެވެ. އޮފީހަށް ނުކުންނަން މިޖެހުނީ، 29 މެއި 1993 ގައެވެ. މިހާދުވަސް މިނެގީ ރަސްމީ ސިފައެއްގައި ލިޔުމެއް ނާންނާތީ އަޅުގަނޑަށް ނުކުންނަން ނުކެރި ހުރެވުނީމައެވެ. ވާންޖެހޭ ގޮތަކީ ޑޮކްޓަރ ލަތީފައި ބައްދަލުކުރި ދުވަސްނޫން އެނެއްދުވަހު އެޓޮލްސަށް ނުކުންނަންވީއެވެ.

އާދެ! އަޅުގަނޑުގެ ވަޒީފާއާބެހޭ ހުރިހާވާހަކަތަކެއް މިދެކެވުނީ މުޅިން ވެސްފޯނުންނާއި އަނގަބަހުންނެވެ. ރަސްމީ ލިޔުމެއް ނެތިއެވެ. އަޅުގަނޑަށް އެއްވެސް ކަހަލަލިޔުމެއް، ޗިޓެއް އެއްޗެއް ނުފޮނުވައެވެ. ވަޒީފާއަނބުރާ އިއާދަވީބާވައޭ ވެސް ހިތަށް އަރައެވެ. އަދި ހަމަމިއަދު މެންދުރެއްހާއިރު، އިސްތަފާ އިބްރާހީމް މަނިކު އަޅުގަނޑާ ގުޅުއްވާފައި ޖަވާހިރުވާދީ އަހްމަދު ރަޝީދުހުސައިން (ހަންދު) މިއަދުން ފެށިގެން ގޭގައި މަޑުކޮށްލާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައި ދެއްވިވާހަކަ ވިދާޅުވިއެވެ.

މިއީ އަދިވަގުތީގޮތުން ހަމަޖައްސަވައި ދެއްވި ގޮތެއްކަމަށް އިސްތަފާ ވިދާޅުވިއެވެ. މިވާހަކަ ދެކެވުނުތާ މާލަސްތަކެއްނުވެ ހަންދު ހޮސްޕިޓަލުން އޭނާގެ އަންހެނުންގެ ގެއަށް، އެސްޖެހިގެއަށް ބަދަލުކުރެވުނެވެ. ހަންދުއަށް ވެސް ގެއަށް އާދެވުނީއެވެ. ބިގޭހުރީރާއްޖެ ތެރޭގައެވެ. ހައްތާހާވެސް އުފާވެރި ގޮތްތަކެވެ. އުފާވެރި ޚަބަރުތަކެވެ. ކއތްރެރިކަމުގެ ނަތީޖާ ކަމުގައި ދެކެމެވެ. ޖަވާހިރުވާދީ އެންމެންނަށް ޖަލުން ނުކުމެވުނީއެވެ. ގެއަށް އާދެވުނީއެވެ. ﷲ އަށް ޙަމްދު ހުއްޓެވެ! އާމީން!

އާދެ! މިއަދަކީ މިނިވަންވީފަހުން، އެޓޮލްސްއަށް ދިޔުންފިޔަވާ ބޭރަށް ނުކުތްފުރަތަމަ ދުވަހެވެ. އެޅެނީމުޅިން ވެސް ފައިމަގުގައި ހިނގާފައެވެ. އަސާގަނޑު ހިފައިގެންނެވެ. ފުރަތަމަ ދިޔައީ ނައުޝާދު ބާއްވައިގެން އުޅޭކުރެހުމުގެ މަޢުރަޟަކަށެވެ. މިއީ މުޅިންވެސް އޭނާގެ އަމިއްލަ ކުރެހުންތައް ދައްކާލުމުގެ ފޮޓޯމަޢުރަޟެކެވެ. މިކަންތައް އިންތިޒާމް ކޮށްފައިއޮތީ، ސޯޝިއަލް ސެންޓަރުގައެވެ.

ހަވީރުވެސް ހިނގާލަން ދިޔައިމެވެ. މުޅިންވެސް އުޅެނީއަސާގަނޑު ހިފައިގެންނެވެ. ރޭގަނޑު ވަގުތެއްގައި ރަންކޮކާ ރަޝީދުގެއަށް މިންނާއައްތަގެ ބޮޑުބަބާގެ ކައިވެނި ސަޔަށް ދިޔައިމެވެ. ދެންއޭގެ ފަހުންގެއަށްއައީ އިބްރާހީމް ސާބިރުމެންގެ އިރާކުގެއަށް ވަދެފައެވެ. މަގުމަތިން، އޮނަރަބްލް އިސްމާއީލް ޝަފީޢުއަށް އަޅުގަނޑު ފެންނައިރަށް އެބޭފުޅާގެ ރަސްމީކާރުކޮޅަށް އަޅުގަނޑު އަރުވައިގެން ގެންގޮސް ދާންވާައި އަޅުގަނޑުގެ މަންޒިލަކަށް ބާލައިދެއްވާ ހައްދަވައެވެ.

މިއީ އެބޭފުޅާގެ އާދައެކެވެ. މިބޭފުޅާއަށް އެކަމަށްޓަކާ ނިހާޔަތަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވަމެވެ. އަދި މިއީ އަބަދުވެސް ހަނދާންހުންނަ ކަމެކެވެ. އަޅުގަނޑު ނާރަންއުޅެފިއްޔާ އެބޭފުޅާކޯފާ އިސްކުރައްވައެވެ. އެހެންވުމުން އެބޭފުޅާއައި މަގުމަތިން ދިމާވާ ކޮންމެފަހަރަކު ވެސް އެބޭފުޅާގެ ކާރުކޮޅަށް އެދުވަސްވަރު އަރަން މަޖްބޫރުވެއެވެ. އަޅުގަނޑު އަސާގަނޑު ދޫކޮށްލަންދެން މިކަންތައް ތަކުރާރުކޮށް އެބޭފުޅާ ކުރެއްވިއެވެ.

29 މެއި 1993 ވީހޮނިހިރު ދުވަހު، ފުރަތަފަހަރަށް މިނިސްޓްރީ އޮފް އެޓޮލްސްއަށް ވަޒީފާއަށް ނުކުތީމެވެ. މިއީ މިނިސްޓްރީއަށް ނުކުތް ފުރަތަމަ ދުވަހެވެ. މަގާމަކީ، މިނިސްޓްރީ އޮފް އެޓޮލްސްގެ އެސިސްޓެންޓް އަންޑަރ ސެކްޓަރީއެއްގެ މަގާމެވެ. ކައުންޓަރަށް ދިއުމުން، އެތަނުން އަންހެންބޭފުޅަކު އަޅުގަނޑު ގޮވައިގެން މައްޗަށްއަރުއްވާއި އިސްވެރިން ސޮއިކުރައްވާ ހާޒިރީގައި އަޅުގަނޑުލައްވާ ސޮއިކުރުވިއެވެ. ސޮއިކޮށް ނިމުމުން އަޅުގަނޑު ގެންދިޔައީ ޑީޖީފާތުމަތުޝީރީން އަރިހަށެވެ.

ޝީރީން، އަޅުގަނޑުގެ ހާލުއަހުވާލު އައްސަވާ ލެއްވުމަށްފަހު، އަޅުގަނޑު ގޮވައިގެންވަޑައިގެން ދެއްކެވީ އަޅުގަނޑު އިށީންނަންވީ މޭޒާއިގޮނޑިއެވެ. އަޅުގަނޑުގެ މޭޒާއެންމެ ކައިރީގައި ހުންނަނީ، ރަހީމާ އަބްދުލްގާދިރު ގެމޭޒެވެ. ޖުމްލަގޮތެއްގައި ހުރިހާކަމެއްވެސް ފުރިހަމައެވެ. އޮފީހުގެ މާއުހައުލު ވެސް ރަނގަޅެވެ. ހިތްހަމަޖެހުނެވެ. ދެން ނުކުތީ އޮފީސް ތެރޭގައި ހިނގާލާށެވެ. ރަހީއާއެކުގައެވެ. ރަހީ ވެގެންދިޔައީ އެޓޮލްސްއިން އަޅުގަނޑުގެ ފުރަތަމަ ރަށްޓެއްސަށެވެ. ފުރެންޑަށެވެ. ރީތި ގިނައިން ހިނިތުންވާ ޒުވާން އަންހެނެކެވެ.

އެއަށްފަހު، ޒިޔާރަތްކުރީ ވައިޖެހޭ އިބްރާހީމް ރަޝީދު އަރިހަށާއި އަލީޔޫސުފްފުޅު އަރިހަށެވެ. ވައިޖެހޭއަކީ ކުޑަކޮށް އަޅުގަނޑު ދަންނަބޭފުޅެކެވެ. އެހެނަސް ސަތާވަރީ އަލިފުޅަކީ އެއްގޮތަކަށް ވެސް މީގެކުރިން ދަންނަބޭފުޅެއް ނޫނެވެ. އަލިފުޅުގެ ދަރިފުޅެއް ކަމުގައިވާ ޝިމްލާ އަޅުގަނޑު ދަންނަމެވެ. ކޮންމެއަކަސް މިދެބޭފުޅުންނަކީ ވެސް ވަރަށްހިތްހެޔޮ ދެބޭފުޅުންނެވެ. އަޅުގަނޑަށް ވަރަށްބޮޑަށް އިހްތިރާމް ކުރެއްވިއެވެ. ގާތްކަން ބެހެއްޓެވިއެވެ. ވަރަށްހީހީފައި މަޖާކޮށް ހެއްދެވިއެވެ. މީގެފަހުން މިދެބޭފުޅުންނަކީ އަޅުގަނޑުގެ ވަރަށްގާތް ދެރައްޓެހިންނެވެ. ކޮންމެ ދުވަހަކު ވެސް އެއްފަހަރު ޒިޔާރަތް ކުރަމެވެ. މުޅިދުވަސް އެއްކޮށް ދުއްވާލެވުނީ ތަޢާރުފްވުމާއި މީހުންނާ ބައްދަލުކޮށް އަނގަތެޅުމުގައި ވަރަށް މަޖަލުގައެވެ.

30 މެއި 1993 ވީއާދީއްތަ ދުވަހަކީ ރަސްމީބަންދު ދުވަހެކެވެ. 1413 ވަނަ އަހަރުގެ ހައްޖުދުވަހެވެ. އާދެ! މާތްވެގެންވާ ޢަރަފާތު ދުވަހެވެ. ހޯމަ ދުވަހަކީވެސް ރަސްމީބަންދު ދުވަހެކެވެ. އަޟުޙާޢީދު ދުވަހެވެ. އާދެ! ދިވެހިން ޒަމާނުއްސުރެ ދަންނަ މާތްވެގެންވާ ބޮޑުއީދުދުވަހެވެ. މިއަދު އީދުކާޑުތަކާއި ވަރަށްގިނަ ފަތާތްތަކުން އީދުމުބާރަކާއި ތަހުނިޔާ ރައްދުކުރިއެވެ. ރައީސް މައުމޫން ދެކަނބަލުންގެ ފަރާތްފުޅުން ވެސް ވަރަށް ރީތި ކާޑެއްލިބުނެވެ.

15 ޖޫން 1993 ވީއަންގާރަ ދުވަސް، މިއަދުމެންދުރު ގ.ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) އިސްތަފާއަރިހަށް ޕްރިސަންސަށް ގެންދަވާފައި މިނިވަންކޮށް ދޫކޮށްލެއްވިއެވެ. ރައީސުލް ޖުމްހޫރިއްޔާ މިނިވަންކޮށް ދެއްވީކަމަށް އިސްތަފާ އަންނިއަށް އެންގެވިއެވެ. އަދި މިއަދަކީ، 6 ވަނަ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ވިކްޓަރީއާއި ލެގޫންސް ކްލަބް ދެވަނަފަހަރަށް ފައިނަލްމެޗްގައި ބައްދަލުކޮށް ކުޅުނު ދުވަހެވެ. މިމެޗުން މޮޅުވީ، 3 ލަނޑު، 2 ލަނޑުން ވިކްޓްރީ ސްޕޯޓްސް ކަލަބެވެ.

އަންނިއަށް މިމެޗްބަލަން ދަނޑަށް ދެވޭނެއެވެ. މިމެޗްއޮތީ މާލޭގެ ރަސްމީ ބޯޅަދަނޑުގައެވެ. ހަންދު އަދިވެސްހުރީ މާލޭގައެވެ. އެސްޖެހިގޭގައި ގޭބަންދު ކޮށްފައެވެ. ބިގޭހުރީ ކިނޮޅޮހުގައެވެ. މިހާރުވަނީ އެއްމަސް ދުވަސް އިތުރުކޮށް ދެއްވާފައެވެ. އަދި މުހަންމަދު އަބްދުއްރައްޒަގުގެ ހުކުމުން ބާކީއޮތްބައި އަރުވާލުމުން ގޭގެބަންދަށް މާލެއަށް މިއަދުބަދަލު ކޮށްދެއްވިއެވެ. ގިނަލުއިތަކެއް ލިބި އެންމެންހެން މިނިވަންވެ ނިމެނީއެވެ.

މިނިސްޓްރީ އޮފް އެޓޮލްސްއަށް ނުކުންނަންފެށިތާ ދެވަނައަށްވި ދުވަހު އެމިނިސްޓްރީގެ ނައިބު ޑޮކްޓަރ ލަތީފުއަރިހަށް ގެންދެވުމަށް ފަހު، އަޅުގަނޑާ ހަވާލުކުރެއްވި މަސްއޫލިއްޔަތަކީ، މިނިސްޓްރީގެ ތަހުގީގު ސެކްޝަނުގެ ވެރިކަމެވެ. ހެޑްއޮފް ލީގަލްސެކްޝަން ކަމުގެ މަގާމެވެ. މިއަދުންފެށިގެން ތަހުގީގު ޝެކްޝަނުގެ ހުރިހާކަމެއް ބެލެހެއްޓުން ރަސްމީކޮށް އަޅުގަނޑާ ހަވާލުކުރައްވައި ހުރިހާ މުވައްޒަފުންނަށް އެކަން ނޯޓެއް ފޮނުއްވައި އަންގަވައިފިއެވެ.

މިސެކްޝަނަކީ ވަރަށް ތަޖްރިބާކާރުންގިނަ ސެކްޝަނެކެވެ. ތަޖްރިބާއިން ފުރިގެންވާ އުމުރުން ދުވަސްވީ މީހުންގިނަ ތަނެކެވެ. މިސާލަކަށް އެތައްޒަމާނެއްގައި ގާޒީކަންކުރެއްވި، ދަރަވަންދޫ ޔޫސުފު އަލިފުޅާއި އަތޮޅުވެރިކަން ކުރެއްވި ނ.ކެނދިކުޅުދޫ އަބްދުއްރަހްމާނާއި އުގުލު މުހަންމަދުއަލީއާއި މިފަދަބޭފުޅުން ހިމެނޭ ސެކްޝަނެކެވެ. އަދި ވެސް ކުޑަރިކިލު މުހަންމަދުޖަލީލާއި ދެރަހަ އަބްދުއްރަޝީދު މެންފަދަ ބޭފުޅުން މިތަނުގައި ތިއްބެވިއެވެ. އަދިވެސް ވ.ކެޔޮދޫ، އިބްރާހީމް ކަލޭފާނާއި އަލީއާދަމްމަނިކާއި ސީނުހުޅުދޫ އައްޝައިޚް މުހަންމަދު ސައީދު (ދިޔާނާސައީދުގެ ބައްޕަ) މެންފަދަބޭފުޅުން މިސެކްޝަނުގައި ތިއްބެވިއެވެ.

މިފަދަ ތަޖްރިބާހުރި ބޭފުޅުންނާއެކު މަސައްކަތް ކުރުމަށް އަޅުގަނޑަށް މިލިބުނު ފުރުސަތަކީ، އަޅުގަނޑަށް ލިބުނު ވަރަށްބޮޑު ފިލާވަޅެކެވެ. އަގުހުރި މަސައްކަތެކެވެ. މާސިންގާ ތަޖްރިބާ ތަކެކެވެ. ޑޮކުޓަރު ލަތީފަށް ހާސްޝުކުރު ހުއްޓެވެ. އަޅުގަނޑު ހެދިގޮތަކީ ސެކްޝަނުގައި ބައްދަލުވުމެއް ބޭއްވުމަށްފަހު، ނުނިމިހުރި ހުރިހާ މައްސަލަތަކެއް އެކިއެކިބޭފުޅުންނަށް ބަހާލާފައި އެންމެން އެއްތަނެއްގައި ބޮޑުމޭޒެއްގައި ތިބެގެން ކޮންމެ ދުވަހަކުވެސް މިމަސައްކަތް ކުރާގޮތަށް ނިންމީއެވެ. މިކަމަށް ޚާއްސަކުރީ މިނިސްޓްރީގެ ކޮންފަރެންސް ހޯލެވެ.

ކޮންމެބޭފުޅަކު ވެސް ނިންމަވާގޮތް އަޅުގަނޑަށް ދައްކާއި މަޝްވަރާކޮށް ލެއްވުމަށް ފަހު، އަޅުގަނޑު މިނިސްޓަރަށް ރިޕޯޓުކޮށް ދަންނަވާގޮތަށް ހަމަޖައްސާލީއެވެ. މިގޮތުގެމަތިން ވަރަށްހަލުއިކޮށް އެސެކްޝަނުގައި ފުނިޖެހިފައި ނުނިމިހުރި މައްސަލަތައް ބެލުމުގެ މަސައްކަތްތައް ކުރިޔަށް ހިނގައިގަތެވެ. ނުނިމި ގިނަދުވަސް ވެފައިހުރި ބައިވަރު މައްސަލަތައް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނެވެ.

މީގެތެރެއިން ފުރޭނިގެން ނިކުތްބޮޑެތި މައްސަލަތައް ހިފައިގެން ޖެހުނީ އަތޮޅުތެރެއަށް ދަތުރު ހަދއިގެން ދާށެވެ. ދެހަފްތާއެއްގެ ތެރޭގައި ދ.އަތޮޅަށް ގޮސްގެން ބަލަންހުރި މައްސަލަތައް ހިފައިގެން، އަޅުގަނޑަށްޖެހުނީ އަލީއާދަމް، އަލީބެއަށް ގޮވައިގެން ފުރާށެވެ. ދަންނަވާލުމާއެކު މިދަތުރަށް މިނިސްޓަރ ހުއްދަދެއްވިއެވެ. އެއަތޮޅަކީ ބޮޑުއަތޮޅަކަށްވާތީ ވަރަށްގިނަ މައްސަލަތައް ގެންދަންޖެހުނެވެ.

އަތޮޅުގެ ހުރިހާރަށަކަށް ދަތުރުކޮށް މިކަންތައްތައް އެކުގައި މުޅިން ނިންމާލެވުނީ، 15 ދުވަސް ފަހުންނެވެ. އަޅުގަނޑައި އެކު މަސައްކަތް ކުރައްވަން ތިއްބެވި ގަނަ ބޭފުޅުްނަކީ މައްސަލަ އަވަހަށް ނިންމުމަށް ބާރު އެޅުއްވުމަށް ވުރެ ކަރުދާސްކޮށް ގިނަދުވަހަށް ދަންމަން ބޭނުންވެލައްވާ ބޭފުޅުންކަން ފާހަގަ ކުރެވުނެވެ. ދ.އަތޮޅުގެ އަތޮޅުވެރިޔަކަށް އޭރު ހުންނެވީ، އަފީފު ކިޔާކުޑަހުވަދޫގެ ބޭފުޅެކެވެ.

މިއަތޮޅުގެ އަތޮޅުވެރިކަން އަޅުގަނޑުގެ ލޮބުވެތި ބައްޕަވެސް ކުރެއްވި ކަމާއި ބައްޕަގެ މަސައްކަތްތެރި ކަމުގެބައެއް ވާހަކަތައް އަފީފު، އަޅުގަނޑަށް ކިޔައިދެއްވިއެވެ. އަދި އަތޮޅުތެރެއިން ދިމާވިބައެއް ބޮޑުންގެ ފަރާތުން ބައްޕަގެ ދުވަސްވަރުގެ ވާހަކަތައް އަޑުއިވުނެވެ. ބައްޕަދެނެލައްވާ ވަރަށްގިނަ އިއްޒަތްތެރިންނާ މިއަތޮޅުގެ ރަށްތަކުން އަޅުގަނޑާ ދިމާވިއެވެ. ހުރިހާރަށަކަށް ހެން ދާންޖެހުނެވެ. މައްސަލަތައް ހުރިގޮތުން މިދަތުރުގައި މީހުންއުޅޭ ހުރިހާރަށަކަށް ޒިޔާރަތްކުރީމެވެ.

އެދުވަސްވަރުގެ ބައްޕަގެ ފޮޓޯއެއް އަފީފު، އަޅުގަނޑަށް ދައްކަވާ ލެއްވިއެވެ. މިދަތުރު ވެގެންދިޔައީ ވަރަށްމަޖާ އަދި ވަރަށްތާރީޚީ އިބްރަތްތަކެއް ލިބިގެންދިޔަ ބޭނުންތެރި ދަތުރަކަށެވެ. އެނބުރިއައިސް އަޅުގަނޑު ޑޮކްޓަރ ލަތީފަށް ވަރަށްޝުކުރު އަދާކުރީމެވެ. މިހާހިސާބުން އެއްއަތޮޅަށް ފަހު، އަނެއްއަތޮޅަށް ދާންޖެހުނެވެ. ރާއްޖެތެރެއަށް ވަރަށް ގިނައިން ދާންޖެހެއެވެ. އެންމެފުރަތަމަ އެޓޮލްސްއިން މުސާރަނެގީ އެކަމަށްއޮންނަ ޚާއްސަފޮތުގައި ސޮއިކުރުމަށް ފަހު، ޖޫންމަހުގެ މުސާރައަށްވާ، 1200 ރުފިޔާއާއި މެއި މަހުންނުކުމެވުނު ދުވަހަށްވާ ފައިސާކޮޅާއެކު ޖުމްލަ، 1489.70 (އެއްހާސް ހަތަރުސަތޭކަ އަށްޑިހަނުވަ ރުފިޔާ ހަތްދިހަލާރީ) އެވެ.

މިފައިސާނެގީ، 21 ޖުލައި 1993 ވީބުދަ ދުވަހުގައެވެ. މިއީ، ދ.އަތޮޅުން އެނބުރިއައިސް އޮފީހަށް ނުކުތްދުވަހެވެ. އަދިވެސް ދެވަނަ ފަހަރަށް މިނިސްޓްރީ އޮފް އެޓޮލްސްއިން ވަޒީފާދެއްވިކަމުގެ ޗިޓެއް ނުވަތަ އެއްވެސް ކަހަލަ ރަސްމީލިޔުމެއް އަޅުގަނޑަކަށް ނުލިބެއެވެ. ރައީސް އޮފީހުން ޑޮކްޓަރއާސިމް ފޯނުކުރައްވާފައި އެޓޮލްސްއަށް ނުކުތުމަށް ވިދާޅުވުމުން ނުކުތްގޮތަށް އަދިވެސް މިހުންނަނީއެވެ. ރަސްމީކޮށް ލިޔެކިޔުމުން އެއްވެސް އެއްޗެއްނާދެއެވެ. ޗިޓެއް ނުލިބެއެވެ. ފޮތެއްގައި ލިޔެފައިވެސް އެއްޗެއް ނާންގައެވެ. މިހާހިސާބުން، ތިންވަނަބުރުގެ ޖަލުހަނދާން ލިޔެނިމުނީއެވެ. ވަލްޙަމްދުލިއްލާހި!

Leave a Reply

Your email address will not be published. Required fields are marked *