ޖަވާހިރުވާދީ އިލްޔާސް ދެވަނަފަހަރު ޖަލަށްލުން.

ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ދެވަނަފަހަރު ދޫނިދޫ ޖަލަށް ލެވުނީ، 1990 ވަނަ އަހަރު ޖޫން މަހު، 01 ގައި ދިވެހި ސަރުކާރުގައި “ސިޔާސީ މަޖައްލާ” އެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ މަޖައްލާއެއްގެ ނަމުގައި އަލަށް ނެރެވުނު ސިޔާސީ މަޖައްލާ ކަމުގައިވާ، “މަންތިރި” މަޖައްލާގެ މައްސަލާގައެވެ. މިއީ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި އެނަމުގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ މަޖައްލާއެވެ.

ސިޔާސީ މަޖައްލާ އެއްގެ ނަމުގައި ރަޖިސްޓްރީކުރީ، ފައުޅުގައި ސިޔާސީ ކަންކަން ކުރުމުގެ މަގްސަދުގައެވެ. ސިޔާސީ ބިރުވެރިކަން މުޖަތަމަޢުން ކަނޑުވާލުމަށެވެ. އަދި ދިވެހި ރައްޔިތުން ރާއްޖޭގެ ސިޔާސަތުދެކެ ގަންނަބިރުން އެއްކިބާކޮށް، ސިޔާސީ ކަންކަމަށް ޒުވާނުން ހޭނުވުމުގެ މަގްސަދުގައެވެ.

މަންތިރި މަޖައްލާއަކީ، އިލްޔާސް ހުސައިން އިބްރާހީމްގެ މަސްއޫލުވެރި ކަމުގެ ދަށުގައި، މއ.ތަބައްގެ އަލްފާޟިލް މުހަންމަދު ރިޟްވާން އާއި ގ.ތަލްވާރުގެ އަލްފާޟިލް އާދަންރަޝީދު އަހްމަދު އާއި ގ.ތަލްވާރުގެ އަލްފާޟިލް އިބްރާހީމް ރަޝީދު (ހޯރައިއްބެ) އާ، މިހަތަރުމީހުން ވެގެން މަހަކު އެއްފަހަރުނެރޭ ސިޔާސީ މަޖައްލާއެއްގެ ގޮތުގައި މިނިސްޓްރީ އޮފް އިންފޯމޭޝަން އާޓްސް އެންޑް ކަލްޗަރގައި “ސިޔާސީ މަޖައްލާއެއް” ގެ ނަމުގައި ރަޖިސްޓްރީކުރި، ފުރަތަމަ ސިޔާސީ މަޖައްލާ އެކެވެ.

މަންތިރި ނެރުމަށް ޚިޔާލުކުރެވުނީ، “ސަންގު” މަޖައްލާ ނެރެމުން އައިސް، 6 ވަނަ އަދަދާއި، 7 ވަނަ އަދަދު އެކުއެކީގައި ޗާޕަށް ދީފައިވަނިކޮށް ސަރުކާރުން އެމަޖައްލާ ނެރުން ހުއްޓުވާ ލެއްވީމައެވެ.

ޗާޕްކުރަމުން ގެންދިޔަ ޗާޕްޚާނާއަށް ސިފައިންވަދެ، 6 ވަނަ އަދަދު ނެރެ، ޝާއިޢު ކުރަން ތައްޔާރުވެފައި ވަނިކޮށް، ހުރިހާ އަދަދުތަކެއް ސިފައިން ކޮންފިސްކޭޓް ކުރީއެވެ. އޭރުއޮތީ، 7 ވަނަ އަދަދުގެ ލޭއައުޓްނިމި ޗާޕްކުރުމަށް ޕްރެހަށް ވައްދާފައެވެ. އެހެންވުމާއެކު ޗާޕްނުކުރެވިއޮތް، 7 ވަނަ އަދަދުވެސް ސިފައިން ހިފޭއްޓީއެވެ. މިހިސާބުން ސަންގުގެ ފަހުނޭވާއަށް އެރީއެވެ. ސަންގު ހުއްޓުނީއެވެ. އޭރު ދެންއޮތް މަޖައްލާއަކީ، ހަފްތާއަކު އެއްފަހަރުނެރޭ، “ހުކުރު” މަޖައްލާ އެކަންޏެވެ. އެމަޖައްލާއަށް ވެސްވަނީ އިންޒާރު ލިބިފައެވެ.

ސަންގު ކަހަލަ ރައްޔިތުން ޝައުގުވެރި ކަމާއެކު ކިޔާހިތްވާ ސިޔާސީ މަޖައްލާއެއް އޮތުމަކީ މުހިންމުކަމެއް ކަމުގައި، އަޅުގަނޑަށް ފާހަގަކުރެވުމުން މަންތިރި ނެރެންފެއްޓީ ވަރަށް ވަރުގަދަ އުންމީދެއްގައެވެ. މަންތިރިއަކީ ސަންގު ޢާއިލާގެ ހަގު އެއްޗެކެވެ. އެހެންވެ، މަންތިރީގެ ފުރަތަމަ ޢަދަދުގެ ބަނޑޭރި ގަނޑުގައި މިހާތަނަށް ނެރެވުނު ސަންގުތަކުން ސުވާލުމާކެއް ހަދައި، އެފޮޓޯ ޖަހާފައި ވާނެއެވެ. މަންތިރި އަބަދުވެސް މަސައްކަތްކުރާނީ، މުސްތަބިއްދު ވެރިކަމެއްގެ ކުރެކިތޮށިގަނޑު ފަޅާލައިފާ ނުކުތުމުގެ ފޮނިހުވަފެނުގައެވެ. އެއުންމީދު ގައެވެ. ރަސްގެފާނަށް ސައިކިޔުމަށެވެ.

މަންތިރި މަޖައްލާގެ ކަވަރު

[މަންތިރި މަޖައްލާ ބަނޑޭރިގަނޑު – 1990]

އާދެ! 1990 ވަނަ އަހަރުގައި އޭރުރާއްޖޭގެ އުދަރެހާއި މާހައުލުއޮތީ ސިޔާސީ އިސްލާހީ ހަރަކާތަކަށް ތައްޔާރުވެފައެވެ. އިސްކޮށް ހަރަކާތްތެރިވާނެ، ސިޔާސީލީޑަރުން ނެތިފައެވެ. 1980 ވަނަ އަހަރުގައި ރައީސް މައުމޫނު ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހު ކުރައްވަން ފެއްޓެވި ހިސާބުން، އިސްލާހީ ހަރަކާތްތައްވަނީ ފެށިފައެވެ. ސިޔާސީ އިސްލާހަށް ގޮވާލުމުގެ މަސައްކަތް އާންމުކޮށް ފެށިފައެވެ.

ފަހެ، އެއީ ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ފެށުމެވެ. އެދުވަސްވަރުން ފެށިގެން، އެފަދަ ސިޔާސީ ހަރަކާތަކަށް ރައްޔިތުންތިބީ ތާއީދުކޮށް ގޮވާލަގޮވާލައެވެ. ފާޅުގައި ކެރިގެން ރައްޔިތުން ލީޑްކޮށްދޭނެ، ސިޔާސީ ލީޑަރުންނަށް ބޭނުން ވެފައެވެ. ސިޔާސީ މަޖައްލާއަކަށް ވަރަށް ބޭނުންތެރި ވެފައެވެ. ފެންބޮވައި ގެންފައެވެ. މަންތިރި ރަޖިސްޓްރީ ކުރެވުނީ، ސިޔާސީ މަޖައްލާއެއްގެ ނަމުގައި ކަމަށްވާތީ، މަންތިރީގެ ނަމާއެކު ސަރުކާރުން ސިއްރިއްޔާތުގައި ހުރަސްތަކެއް ކުރިމަތި ކުރިއެވެ.

މަންތިރި އަކީ މަހަކު އެއްފަހަރު ދިވެހި ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިގެން ނެރެވޭ، ފުރަތަމަ ސިޔާސީ މަޖައްލާކަމަށް މަންތިރީގެ ބޭރުގަނޑުގައި ލިޔެގެން ނެރެން މަސައްކަތް ފެށުމުން، ހީނުކުރާކަހަލަ ވަރަށްގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހުނެވެ. އުޅެއުޅެވެސް ދިވެހި ރާއްޖޭގެ ޗާޕްޚާނާއަކުން މަންތިރި ޗާޕްކޮށްދޭނެ ބަޔަކު ނުވިއެވެ. މާލޭގެ ހުރިހާ ޗާޕްޚާނާތަކަށް، މަންތިރީގެ ލޭއައުޓް ހިފައިގެން ޗާޕްކޮށްދޭތޯ ސަލާމްޖަހަމުން އަޅުގަނޑު ހިނގީމެވެ.

ސީޕްރިޔާ ޕްރެސްގެ ވެރިޔާ، އަލްފާޟިލް މުހަންމަދު ސައީދު ވިދާޅުވީ، ސަރުކާރުން މަންތިރި ޗާޕްކޮށްދިނަސް އެންމެ ރަނގަޅުކަމުގެ ރަސްމީލިޔުމެއް ގެނައުމުންނޫނީ ލޭއައުޓް މިއޮތްގޮތަށް މަންތިރި ޗާޕްކޮށްދޭކަށް ނުކެރޭނެ ކަމަށެވެ. ރަޖިސްޓްރީ ދެއްކުމުންވެސް ވިދާޅުވީ، ސަރުކާރުގެ އިތުރުލިޔުމެއް ޗާޕްކޮށްދިނުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބޭނުންވާނެ ކަމަށެވެ.

ނޮވެލްޓީ ޕްރެސްއަށް ދިއުމުން، މ.ވާރޭވިލާ އަލްފާޟިލް އަލީހުސައިން، އަޅުގަނޑާއި ރިޟްވާންއާ ދެމީހުންނާ، ދެގަޑިއުރުވަންދެން އޭނާގެ އޮފީހުގައި ބައިންދައިގެން ގިނަވާހަކަތަކެއް ދެއްކެވުމަށް ފަހު ވިދާޅުވީ، މަންތިރި ޗާޕްކޮށްދެވެން ނެތްކަމަށެވެ.

ވާހަކަފުޅުތަކުން ހަމަދެންމެ ދެންމެއަކު ޗާޕްކޮށްދީފާނަމޭ، ލޭއައުޓް ބާއްވާށޭ ވިދާޅުވެދާނެ ހެންވެސް ހީވެއެވެ. އެހެނަސް ސިޔާސީ ބައެއް ވާހަކަތައް ވެސް ހިމެނުނު، ދެގަޑިއިރުގެ ދިގުވާހަތަކަށް ފަހު، އަޅުގަނޑުމެން ދެމީހުންނަށް ޖެހުނީ، އަލީހުސައިން އަރިހުން ހުސްއަތާ ނުކުމެގެން ދާށެވެ. އާންބަސް ނުލިބިގެން ނާއުންމީދާއެކު އެނބުރި އަންނާށެވެ.

އަލީހުސައިނަކީ ސިޔާސީ ގޮތުން ވިސްނުންތޫނު ބޭފުޅަކަށްވާތީ މީގެބަދަލެއްގެ ގޮތުންނަމަވެސް ވަރުގަދަ ކަމެއް ކޮށްދެއްވިއެވެ. އަޅުގަނޑު ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް، އދ.އަތޮޅުގެ ގޮނޑިޔަށް ކުރިމަތިލާއި އަލްފާޟިލް ގާސިމް އިބްރާހީމާ ވާދަކުރިފަހަރުގެ ކެންޕޭން ހުރިހާ ތަކެއްޗެއް ޗާޕްކޮށް ނިމިގެން ބިލްދައްކަން ދިއުމުން އެފައިސާއެއް ނުނެންގެވިއެވެ. ވިދާޅުވީ އެކަމާ ނޫޅޭށެވެ. ބިލްތައް އަތުލައްވާފައި ވިދާޅުވީ މިހާހިސާބުން އެނިމުނީއެވެ.

އިލްޔާސް ދުރުވާށެވެ. އަޅުގަނޑަށް ޖެހުނީ ޝުކުރިއްޔާއޭ ދަންނަވާފައި އެނބުރި އަންނާށެވެ. އަދި ފަހުން އޭނާޗާޕް ކުރައްވާފައިވާ ދިވެހިބަހުގެ ބައިވަރު ފޮތްތަކެއް އަޅުގަނޑަށް ހަދިޔާއަކަށް ފޮނުވައި ދެއްވިއެވެ. މިކަމާ، އެމަނިކުފާނަށް ހިތުގެ އަޑިން އަޅުގަނޑު ޝުކުރުވެރި ވަމެވެ. ﷲ، އެމަނިކުފާނަށް ކާމިޔާބު ދެއްވާށިއެވެ! އާމީން!

އާދެ! މަންތިރިއާ ގުޅިގެން ދެންހެދި ގޮތަކީ، މިނިސްޓްރީ އޮފް ޓްރޭޑަށް ސިޓީއެއް ލިޔުނީއެވެ. ސަރުކާރުން ހުއްދަދެއްވައިގެން ވިޔަފާރި އުސޫލުން ހިންގާ ޗާޕްޚާނާއެއްގައި ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިވާ މަޖައްލާއެއް އެހެން މީހުންވެސް ވިޔަފާރިކުރުމަށް މުޢާމަލާތުކުރާހެން، ދިވެހި ފައިސާދީގެން އަޅުގަނޑުވެސް ވިޔަފާރިއެއް ކުރުމަށް އެދުމުން، މިއުޅެނީ ވިޔަފާރި ކުރެވޭނެގޮތް އެއްގޮތަކަށްވެސް ނުވެގެންނޭ ދަންނަވައި، މިއީ ކިހިނެއްވެގެން ހިނގާކަމެއްތޯ ބައްލަވައި ދެއްވުން އެދިއެވެ.

މާލޭގައި ވިޔަފާރިއަށް ޗާޕްގެ މަސައްކަތް ކުރައްވާ އެއްވެސް ފަރާތަކުން، މިނިސްޓްރީ އޮފް އިންފޯމޭޝަންގައި ރަޖިސްޓްރީކޮށް ފައިވާ، މަންތިރި މަޖައްލާ ޗާޕްކޮށްދޭނެ ގޮތެއް ނުވިއެވެ. ވީމާ ރާއްޖޭގެ ގާނޫނުތަކުން، މިހުއްދަ ވިޔަފާރި އަޅުގަނޑަށް ކުރެވޭނެގޮތް ހަމަޖައްސަވައި ދެއްވުން އެދިއެވެ. ޓްރޭޑް މިނިސްޓްރީން މިސިޓީއަށް ދެއްވީ، ވަރަށް ގާނޫނީ ޖަވާބެކެވެ.

ޖަވާބުގައި ސޮއި ކުރައްވާފައިއޮތީ، މއ.ބޯގަންވިލާ އަލްފާޟިލް އިސްމާޢީލް ނަސީރެވެ. ޕްރެސް ރަޖިސްޓްރީކޮށް ހިންގުމަކީ މިމިނިސްޓްރީން ކުރާކަމެއް ނޫންނެވެ. ޕްރެސް ރަޖިސްޓްރީކޮށް ހިންގުމުގެ މަސައްކަތަކީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރައްވާ ކަމެކެވެ. މިގޮތަށެވެ. އިސްމާޢީލް ނަސީރާ ފޯނުން ގުޅައިގެން ވާހަކަ ދެއްކުމުންވެސް ވިދާޅުވީ، މިމިނިސްޓްރީން ތިޔަކަމުގައި ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަމަށެވެ. އެހެނަސް ނަސީރުވެސް އަޅުގަނޑަށް ވަރަށްހެޔޮކަމެއް މީގެފަހުން ކޮށްދެއްވިއެވެ.

އަޅުގަނޑުގެ ރަށްޓެހި އަރަބި ވިލާތުގައި ހުރި ކިޔަވާ ކުއްޖަކު އަޅުގަނޑަށް ޕޯސްޓުން ފޮނުވާފައިވާ، ޢަރަބިބަހުން ލިޔެފައި އޮތްފޮތެއް އޭނާގެ ސޮއިއެފޮތުގައި ކުރެއްވުމަށްފަހު، އަޅުގަނޑަށް ފޮނުވައި ދެއްވިއެވެ. އެދުވަސްވަރު އެތެރެކުރެވޭ ފޮތްތަކަކީ ސަރުކާރުން ފާސްކުރާ އެއްޗަކަށްވާތީ އެފޮތްއޮތީ ފާސްނުވެގެން އަޅުގަނޑަށް ނުލިބިފައެވެ. ވީނުވީތަނެއް ނޭނގިފައެވެ. ފާޑަކަށް ގެއްލިފައެވެ.

މިގޮތަށް ފާސްނުވެގެން ހިފޭއްޓިފައި ހުންނަ ފޮތްތައް ނައްތާލާއި އަންދާލާ ކޮމެޓީގައި އިސްމާޢީލް ނަސީރު އުޅުއްވައެވެ. މިހާރުވެސް މިފޮތް އަޅުގަނޑު އަތުގައި އެބައޮތެވެ. އެފޮތަކީ އަޅުގަނޑަށް ވަރަށްބޮޑަށް ބޭނުންވެގެން މިޞްރުން ގެނުވިފޮތެކެވެ.

މިއީ ދީނީ ހަރުކަށި ޚިޔާލުގެ ފޮތެއް ނޫނެވެ. މިފޮތަކީ ސިޔާސީ ފޮތެކެވެ. އިސްލާމީ ޑިމޮކުރަސީ ބަޔާންކުރާ ފޮތެކެވެ. ލިޔުއްވީ، މިޞްރުގެ ވަރަށް މަޝްހޫރު ބޭފުޅެކެވެ. މިކަމާގުޅިގެން އިޚްލާޞް ތެރިކަމާއެކު، ނަސީރަށް ހިތުގެއަޑިން ޝުކުރު ދަންނަވަން ޖެހުނެވެ. އަދި އެކަން ކުރީމުއެވެ. މިފޮތަކީ އަޅުގަނޑު ވަރަށް ބޭނުންވި ފޮތެކެވެ. ފަހުން، އިސްމާޢީލް ނަސީރަކީ އަޅުގަނޑުގެ ވަރަށްގާތް ރަހްމަތްތެރިއެކެވެ. މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑުމެން ދެމީހުން އެކުގައި އުޅުނު ދުވަސްވަރު އަޅުގަނޑު ގެންދަވައިގެން، ވަރަށްގިނައިން ސިޔާސީ ވާހަކަތައް ދައްކަވައި ހައްދަވާނެއެވެ.

ގިނަގުނަ ސިޔާސީ ތަޖުރިބާތައް ހިއްސާކުރައްވާ ހައްދަވައެވެ. ރައްޔިތުން މަޖިލީހުގައި ނަސީރު ކުރެއްވި މަސައްކަތުގެ ވާހަކަތައް ވިދާޅުވެ ދެއްވާނެއެވެ. ވަރަށް ފަހު، ދުވަހެއްގެ ވާހަކަތަކެއްގައި މިފޮތުގެ ވާހަކަދެކެވުމުން، ނަސީރު ވިދާޅުވިއެވެ.

އެފޮތްއަންދާނުލާ އިލްޔާސަށް ދިނީ، އެފޮތުން ފައިދާތަކެއް އިލްޔާސަށާއި ދިވެހީންނަށް ކުރާނެތީއެވެ. ކާފުދާލް އަހްމަދު މަނިކާއި ނަސީރަކީ، އެބޭފުޅުންނަށް ލިބިލައްވާ ޢަރަބިފޮތްތައް އަޅުގަނޑަށް ދެއްވާހައްދަވާ ބޭފުޅުންނެވެ. ޙައްޖުން ވަޑައިގެން ބައެއްފަހަރު، މިކަހަލަ ހަދިޔާ ކުރައްވައި ހައްދަވާނެއެވެ.

dhemikurathiya-foi01

[އިސްމާއީލް ނަސީރުގެ ހެޔޮފުޅުކަމުން ލިބުނު ފޮތް]

އާދެ! މަންތިރިއާ ގުޅިގެން މިޖަވާބު ލިބުމުން ދެން މަސައްކަތް ފަށައިގަތީ، ރާއްޖެއިން ބޭރުން، ލަންކާއިން މަންތިރި ޗާޕްކުރުމަށެވެ. ލޭއައުޓްހަދާ ނިމިފައި ތައްޔާރަށް އޮތުމުން، ލޭއައުޓް ދީފައި އާދަންރަޝީދު ދެދުވަހެއްގެ ތެރޭގައި ލަންކާއަށް ފުރުވާލީއެވެ. ލަންކާއިން ހަފްތާއެއްގެ ތެރޭގައި ޗާޕްކުރެވިއްޖެއެވެ. 1000 (އެއްހާސް) ކޮޕީއެވެ. މަންތިރިތައް ހިފައިގެން މާލެއަށް ފުރުމަށް، އެއަރޕޯޓަށް ދިއުމުން، ސިލޯނު ކަސްޓަމުން މަންތިރިތައް ހިފާއްޓައިފިއެވެ.

އަންގަނީ، ދިވެހި އެންބަސީން ލިޔުމެއް ގެނައުމުންނޫނީ މިފޮތްތައް ރާއްޖެ ގެންދިއުމަށް ހުއްދަނެތް ކަމަށެވެ. އަނެއްކާވެސް މަންތިރިއަށް ހުރަސް އެޅުނީއެވެ. އާދަންރަޝީދަށް ޖެހުނީ މަންތިރިތައް ހިފައިގެން ކުރިންވެސް ހުރިހޮޓަލަށް އެނބުރިދާށެވެ.

މިކަން ވެގެންއުޅޭ ގޮތަކީ، ލަންކާގައި ހުންނަދިވެހި އެންބަސީން، އޮނަރަބްލް އަހްމަދު އަބްދު ﷲ އެއަރޕޯޓް ކަސްޓަމްސްއަށް އަންގަވައިގެން އެފިޔަވަޅު އެގޮތަށް އެޅީއެވެ. އަދި ދިވެހި އެމްބަސީން ކުރަމުންގެންދިޔަ ޖާސޫސުތަކުން ޗާޕްކުރިތަނާއި އާދަމްރަޝީދު މާލެފުރާ ދުވަސް ބަލައިގެން މިހުރަސްތައް ކުރިމަތި ކުރުވީއެވެ.

ދެން އެދުވަހު ނުފުރިގެން އާދަންރަޝީދު އެނބުރި ހޮޓަލަށްގޮސް އަޅުގަނޑަށް ގުޅުމުން، އާދަންރަޝީދަށް ލަންކާގައި ހުންނަ އީރާން އެންބަސީ މެދުވެރިކޮށް ޑިޕްލޮމެޓިކް ކާގޯއެއްގެ ގޮތުގައި ލަންކާއިން، ބޭރުކޮށް ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައި ގަތުމަށްބުނީމެވެ. އަދި އެއެންބެސީގައި ތިއްބަވާ އަޅުގަނޑުގެ ރައްޓެހިން ކަމުގައިވާ ކަލްޗަރަލް އެޓާޗޭއާއި ޕޮލިޓިކަލް އެޓާޗޭއާ ގުޅޭނެ ނަންބަރު ދިނީމެވެ.

އަދި އެއަށްފަހު، އަޅުގަނޑުވެސް އީރާނު އެމްބަސީއަށް ގުޅާފައި އެވާހަކަ އެބޭފުޅުންނަށް ދެންނެވުމަށް ފަހު، އާދަންރަޝީދާ އެމަސައްކަތް ކުރުމަށް ހަވާލުކޮށްފީމެވެ. އަދިވެސް މީގެއިތުރުން، ލަންކާގައި ހުންނަވާ އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ، މިސްޓަރ ރޯހަން ގުނަރަތްނާއަށް ފޯނުންގުޅާފައި މިވާހަކަތައް ކިޔައިދިނުމަށް ފަހު، އާދަންރަޝީދަށް މީނާއާގުޅޭނެ ގޮތްބުނެދީ، ސީދާގުޅޭނެ ނަންބަރުވެސް ދީފީމެވެ.

ރޯހަންއަކީ، ލަންކާގެ އޭރުގެ ރައީސް ޖޭއާރު ޖެއަވަރދަނާގެ ވަރަށް އަރިސް، އަދި ސިޔާސީ ކަންކަމުގައި އިސްރޯލެއް އަދާކުރައްވަމުން ގެންދަވާ، މަތީފެންވަރުގައި އުޅުއްވާ އަޅުގަނޑުގެ ވަރަށްގާތް ރައްޓެއްސެކެވެ.

ތަމަޅައިންނާބެހޭ ބައިވަރު ފޮތްތައް ލިޔުއްވާފައިވާ މަޝްހޫރު ލިޔުންތެރިއެކެވެ. ތަމަޅައިންގެ ބައެއް ކޭންޕްތަކަށް މީނާގެ، އެހީތެރިކަމުގެ ދަށުގައި ޒިޔާރަތްކުރުމުގެ ނަސީބު، އަޅުގަނޑަށް ލިބިފައި ވެއެވެ. މަންތިރި ރާއްޖެ ގެނައުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް، ރޯހަންއާ ބައްދަލުކޮށް، އަދި އީރާން އެންބަސީގެ ބޭފުޅުންނާ ބައްދަލުކޮށް މިދެގޮތުން ކުރެވެންހުރި ކަންތައް ފަށައިގަތުމަށް އާދަންރަޝީދު ކައިރީގައި ބެނެފީމެވެ.

އާދަންރަޝީދުގެ މަސައްކަތް ކުރިޔަށް ދާގޮތް، އޭނާ ގެންދެވީ އަޅުގަނޑަށް ދުވަހުންދުވަހަށް ފޯނުން ކިޔައިދެއް ވަމުންނެވެ. އީރާނު އެންބަސީން އެންބަސީގެ ޚާއްސަ ކާގޯއެއްގެ ގޮތުގައި ފޮނުވައި ދީފަނެކަމަށް ބުންޏެވެ. އެހެނަސް އީރާނުގެ މަގުންލާފައި ރާއްޖެ އަންނައިރު، 15 ދުވަސްވަރު ނަގާފާނެކަމަށް ބުނީމާ، ރޯހަން މެދުވެރިކޮށް މަންތިރިތައް މާލެގެނައުމަށް ވާހަކަދައްކާ ލުމުން އޭނާ ބުނުއްވީ ވަރަށް ފަސޭހަގޮތެކެވެ.

ދެން އެގޮތަށް ހަދަން ނިންމީއެވެ. ރޯހަން ވިދާޅުވެފައިވަނީ، އޭނާގެ އޮފީހުން ރަސްމީ ލިޔުމެއް ދިނީމާ ލަންކާގެ ކޮންމެ ބަނދަރަކުން ވެސް ތިޔަމަޖައްލާތައް ލަންކާއިންނެރެ ބޭރުކުރުމަށް ހުއްދަލިބޭނެ ކަމަށެވެ. ބިރުގަންނާނެ ކަމެއްނެތެވެ. ޖެހިލުން ނުވުމަށް ރޯހަން، އަޅުގަނޑު މެންނަށް ހިތްވަރު ދެއްވިއެވެ.

އާދަންރަޝީދު އަތުގައި ނުވަތަ ރިޟްވާން އަތުގައި މިހާރުވެސް ރޯހަންދެއްވި، އެލިޔުން އޮންނާނެއެވެ. އާދަންރަޝީދު މާލެއަންނަން ފުރިރޭ ރޯހަންދެއްވި މިލިޔުން، ކަސްޓަމް އޮފިސަރުންނަށް ދައްކާލުމުން، އާދަންރަޝީދަށް ސެލިއުޓްނަގައި އަވަހަށް ފުރުވާލުމަށް އެހީތެރިވެދެއްވީ ލަންކާ ކަސްޓަމުގެ ވެރީންނެވެ. ރަސްމީ ސިފައެއްގައި ހުރިހާއެހީތެރި ކަމެއް އެއާރޕޯޓު ކަސްޓަމުން ދިނެވެ.

އާދަންރަޝީދު އަތުގައި ދިވެހިރާއްޖޭގެ އިންފޯމޭޝަނުން ދީފައިހުރި ލިޔުންތައް ވެސް އިނގިރޭސިބަހުން ހުއްޓެވެ. މިއުޅެނީ މަނާކަމެއް ކުރަންނޫންކަން އެންމެންނަށް ވެސް އެނގެއެވެ. އެންމެންވެސް، މިލިޔުންތައް ބަލާފައި މިއީރާއްޖޭގެ ސަރުކާރުން ހުއްދަލިބިގެން ޗާޕްކޮށްފައިވާ މަޖައްލާއެއްކަން ރަނގަޅަށް އެނގެއެވެ.

އެހެނަސް މިވާގޮތަކީ، ރާއްޖޭގެ އިންފޯމޭޝަނުން މިފަދަ ލިޔުމެއް ދޫކުރުމަށް ފަހު، އަޑިއަޑިން ރައީސް އޮފީހުން މަންތިރި ހިފޭއްޓުމަށް، އޮނަރަބްލް އަހްމަދު އަބްދުﷲ އަށް އަންގަވާފައި އޮތުމުން އެންބަސީގެ މަސައްކަތުން މަންތިރިއަށް ހުރަސްތަކެއް އެޅުނީއެވެ. މިއީ ނުސީދާކޮށް، އެމްބެސެޑަރުގެ ރައްޓެހިންލައްވައި އަޅާފައިވާ ނުސީދާ ފިޔަވަޅު ތަކެއްކަން ފަހުން އެނގުނެވެ.

އަހްމަދު އަބްދުﷲ މިކަމުގައި ކުޅުއްވިރޯލް އެންބަސީގައި ހުންނަ އަޅުގަނޑުގެ ރައްޓެހި ކުއްޖަކު ފަހުން، އަޅުގަނޑަށް ވަރަށް ސާފުކޮށް ކިޔައިދިނެވެ. ހަވީރުނޫހުގެ ރިޕޯޓަރަކަށް އުޅުއްވި، ޝަހީބު އެދުވަސްވަރު ހުންނެވީ އަހްމަދު އަބްދުﷲ އަރިހުގައި އެންބަސީގެ މުވައްޒަފެއްގެ ގޮތުގައެވެ. ޝަހީބު އޭނާގެ ރައްޓެހި ކުއްޖެއްގެ ކައިރީގައި މަންތިރި ރާއްޖެ އެތެރެ ނުކުރެވޭނެ ވާހަކަ ބުނެދީފައި އޮތުމުން އެވާހަކަވަނީ އަޅުގަނޑާ ހަމައަށް ވާސިލްވެފައެވެ.

ކޮންމެ އަކަސް، ރޯހަން ގުނަރަތްނާގެ ރަސްމީ އޮފީހުން އިޝޫކޮށް ދީފައިވާ ލިޔުން ހިފައިގެން އާދަންރަޝީދު ފުރަންދިއުމުން، ލަންކާގެ ކަސްޓަމް މުވައްޒަފުންނައި އިމިގްރޭޝަން މުވައްޒަފުން އާދަންރަޝީދަށް މަރްހަބާކިޔާއި ވަރަށް އިއްޒަތުގައި ފަސްޓްކުލާހުން ސީޓެއް ހޯދައިދީފައި މަންތިރިތަކާއެކު އެރެއިންއެރޭ މާލެފުރުވާ ލައިފިއެވެ.

އާދަންރަޝީދާ ލަންކާއިން ދިމާވި ބައެއް ދިވެހިންނަށް މަންތިރީގެ މަދުޢަދަދެއް ވިއްކާ ހެއްދެވިއެވެ. އޭގެތެރޭގައި ގިނައީ ލަންކާގައި ކިޔަވާ ދިވެހި ކުދިންނެވެ. އަދި އަލްފާޟިލް ކޮލި ހަސަން އަހްމަދު މަނިކާ ދިމާވެގެން، 3 މަންތިރި އޭނާއަށް ވެދުމަށް އެރުވުނެވެ. ފަހުންއޭނާ އަޅުގަނޑު ކާރީގައި ވިދާޅުވި ގޮތުގައި މަންތިރިތައް އޭނާ ބެހެއްޓެވީ ލަންކާގައި ފޮރުވާފައެވެ. އޭނާއަކީ މަންތިރި ނެރުމުގައި ވަރަށް އެހީތެރިވެދެއްވާއި ހިތްވަރު ދެއްވި ބޭފުޅެކެވެ.

އަދި މަންތިރިއަށް ސިއްރުން ލިޔެދެއްވި ބޭފުޅެކެވެ. އަދި އަޅުގަނޑަށް ކަމެއްދިމާ ވެއްޖެނަމަ ދުވެފައިގޮސް އޭނާގެ ގެއަށް ވަނުމަށްވަނީ، ވިދާޅުވެފައެވެ. އެގެއިން އިލްޔާސަށް އަބަދުވެސް ހިމާޔަތްއޮންނާނެ ކަމަށްވަނީ ވިދާޅުވެފައެވެ. އަދި ކޮލިހަސަން މަނިކަކީ، ވަރަށް އިބްރަތްތެރި ކުރުވާހަކަތަކެއް މަންތިރިއަށް ލިޔެދެއްވި ބޭފުޅެކެވެ. ފުރަތަމަ އަދަދުގައި އެއިން އެއްވާހަކަ ޝާއިޢުކޮށްފައި އޮންނާނެއެވެ.

ކޮލިހަސަން އަހުމަދު މަނިކު ލިޔުއްވި ވާހަކަ

އާދަންރަޝީދުގެ ޕްލައިޓް މާލެއައުމަށް ފުރަންއޮތީ ލަންކާގަޑިން ރޭގަނޑު، 10:30 ގައެވެ. އިއްތިފާގުން ދިމާވިގޮތަކީ، އާދަންރަޝީދު އިންނެވީ ފަސްޓްކުލާހުގެ ސީޓެއްގައި ކަމުން، ޖެހިގެން އިންސީޓުގައި އިށީދެ ވަޑައިގަތީ އޭރުގެ މިނިސްޓަރެއް ކަމުގައިވާ އޮނަރަބްލް އިބްރާހީމް ހުސައިން ޒަކީއެވެ.

ހައްތާވެސް އެޅެނީ ހުރަހެވެ! އާދަންރަޝީދާއި ޒަކީ ބޯޓުގައި ތިއްބަވައިގެން މަންތިރިއާބެހޭ ވަރަށްގިނަ ވާހަކަތައް ދައްކަވާފައި ވެއެވެ. އާދަންގެ ހޭންޑްލަގެޖްގައި ހުރިމަދު މަންތިރި ތަކުގެ ތެރެއިން މަންތިރިއެއް ޕްލައިޓްގައި އިންނެވި ވަގުތު، ޒަކީ ބައްލަވައި ހެއްދެވިއެވެ. ވަރަށްގިނަ ސުވާލުތައް ކުރެއްވިއެވެ.

އެހެނަސް، ޒަކީ މީގެ ތެރެއިން މަންތިރީގެ ކޮޕީއެއް ބޭނުންފުޅެއް ނުވިއެވެ. ގެންދަވާ ޚިޔާލެއް ނުކުރައްވައެވެ. އެހެނަސް ހެއްދެވި ގޮތަކީ، މާލެފައިބާ ވަޑައިގެންނެވި ގޮތަށް، މިމައުލޫމާތު ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަށް ކޮންމެވެސް ގޮތަކުން ދެއްވައިފިއެވެ.

ޒަކީ އެރޭމާލެ ވަޑައިގެން އަތަމާގެއަށް ވަޑައިގެންނެވިއިރު އެގޭގައި އަޅުގަނޑު އިނީމެވެ. އެދުވަސްވަރު ގިނަވަގުތު ރޭގަނޑު އަޅުގަނޑު އުޅެންޖެހެނީ އަތަމާގޭގައެވެ. އަތަމާ އަބްދުއްލަތީފަކީ އަޅުގަނޑުގެ ބައްޕައެއްގެ ގޮތުގައި ބަލައިގެންއުޅޭ އަޅުގަނޑުގެ ވަރަށްގާތް ބައްޕައެކެވެ.

އަޅުގަނޑު އެގެއިން ފެނުމާއެކު. ޒަކީ ވިދާޅުވެއްޖެއެވެ. މަންތިރި ދުށީމެވެ. އޭގައި އެނެރޭފަރާތެއްގެ ގޮތުގައި ޖަހާފައިއެވަނީ، ކޮންބައެއްގެ ކޮންކުންފުޏެއް ތޯއެވެ؟ ހަމައެހިނދު ޒަކީ، އަޅުގަނޑައި މިބާވަތުގެ އިތުރު ސުވާލުތަކެއް ކުރެއްވުމުން ޝައްކުތަކެއް އުފެދުނެވެ. ޖަވާބުގައި އެއީ އަޅުގަނޑުގެ ކަމެއްކަމުގައި ޒަކީއަށް ދެންނެވީމެވެ. ޒަކީ އެއުޅުއްވީ މަންރިތިއަށް ޚަރަދުކުރި ފަރާތެއް އޮޅުން ފިލުއްވުމަށެވެ.

އިރުކޮޅެއް ނުވެއުޅެނިކޮށް މާލޭއިން އާދަންރަޝީދު އަޅުގަނޑަށް ގުޅާފައި މާލެ އާދެވިއްޖެކަމާއި އަތުގައިއޮތީ ހޭންޑްލަގެޖްގެ ގޮތުގައި އެތެރެ ކުރެވުނު، 5 މަންތިރިކަމާއި ދެންހުރި މަންތިރިތައް ޖެހުނީ ކަސްޓަމަށް ދޫކޮށްފައި އަންނާށެވެ. މިހެން ބުނެފިއެވެ.

އަޅުގަނޑު އަތަމާގެއިން ނުކުމެ، އާދަންރަޝީދާ މާލޭން ބައްދަލުކޮށް ހަމައެވަގުތު އަޅުގަނޑުމެން ދެމީހުންގޮސްވަނީ މ.އޮމަދޫގެއަށް އަލްފާޟިލް އަލީ އަބްދުﷲ އަރިހަށެވެ. މ.އޮމަދޫ އެންމެމަތީ ބައިގައި އަލީއަބްދުﷲއާ އެކު ތިންމީހުން ރޭގަނޑު، 12:30 އެހާކަންހާއިރު ސައިބޯންތިބެ ދެއްކީ، މަންތިރީގެ ވާހަކަތަކެވެ.

އޮމަދޫގެއަށް ދާންޖެހުނީ، އަލީ އަބްދުﷲ ގުޅުއްވާފައި ސައިތައްޓެއް ބޯލަން އައުމަށް ދައުވަތު ދިނުމުންނެވެ. ދެން ދެކެވުނީ، ޗާޕްކުރުމަށާއި ރާއްޖެ ގެނައުމަށް ދިމާވި ހުރަސްތަކުގެ ވާހަކަތަކެވެ. އަލީ އަބްދުﷲ އަކީ، އަޅުގަނޑުމެން ނާއެކު، ސިޔާސީވާހަކަ ދައްކަވާ ހައްދަވާ ބޭފުޅެކެވެ. އަދި ރައީސް މައުމޫނު ސަރުކާރާ ވެސް ގާތްބޭފުޅެކެވެ. ރައީސް މައުމޫނާ ގުޅުންބާއްވާ ބޭފުޅެކެވެ. ސަރުކާރުގެ ބިޔަޕްރޮޖެކްޓްތައް ކާމިޔާބުކަމާއެކު ޖާދޫއެއްހެން، ހޯއްދަވާ ބޭފުޅެކެވެ.

މިބައްދަލުވުން ނިމިގެން އާދަމްރަޝީދަށް ގެއަށް ދެވުނީ ދަންވަރު، 1:30 އެހާކަންހާ އިރުއެވެ. އާދަންރަޝީދަށް ގެއަށް ދެވުނުއިރު، އާދަމް ބަލާއައިސް ސިފައިންގެ މީހަކު ހުއްޓެވެ. އާދަމްރަޝީދަށް ޖެހުނީ ގެއަށްވަދެލާފައި ވަރަށް އަވަހަށް އެމީހާއާއެކު ސިފައިންގެއަށް ދާށެވެ. މިކަން ފޯނުން އާދަންރަޝީދު އަޅުގަނޑަށް އެންގިއެވެ. ދެން އެރޭ އެވަގުތު އާދަންރަޝީދު ގެންދިޔައީ ސީދާ ސިފައިންގެއަށެވެ.

އާދަންރަޝީދު ބަންދުކުރަން ކުރިންހަމަޖެހިފައި އޮތްނަމަ އެއަރޕޯޓުން ހިފޭއްޓީހެވެ. ގެއަށް ދެވޭގޮތެއް ނުވީހެވެ. އާންމުކޮށް އެކަހަލަކަންތައް ކުރަނީ އެހެންނެވެ. އާދަމްރަޝީދު ބަންދުކުރެވުނީ، އިބްރާހީމް ހުސައިން ޒަކީގެ ރިޕޯޓަކަށް ކަމަށް ބެލެވެނީ މިކަންހިނގާފައިވާ ގޮތުންނެވެ. އެއަރޕޯޓުން މައްސަލައެއްނެތި ގެއަށްދެވިފައި އެހާދަންވަރު ބަންދުވާންޖެހޭނީ ސަބަބެއް މެދުވެރި ވުމުންނެވެ.

ކުރިންރޭވިފައި ނެތްކަމެއް ހިނގީއެވެ. މީހެއްގެ ރިޕޯޓެއް ގޮސް ގެންނެވެ. އަލީއަބްދުﷲ އާއި ޒަކީއަށް ނޫންމީހަކަށް މިކަންތައް އެހާތަފްސީލްކޮށެއް ނޭނގޭނެއެވެ. އަޅުގަނޑަކީ ސިޔާސީކަންކަން އިރުގެއަލީގައި ކުރާމީހަކަށް ވާތީ، މިކަމަކީ ބިރެއްނެތި ވަރަށް ފާޅުގައި ކުރިކަމެކެވެ. ބަންދުވާން ޖަލަށްދާން ކެރިގެންހުރެ ހުރެ ކުރިކަންތަކެވެ. ސިއްރު ކުރުމެއްނެތި ގެންދިޔައީ ފާޅުގައި މިވާހަކަތައް އާންމު ކުރަމުންނެވެ.

ކޮންމެއަކަސް އާދަންރަޝީދު ދޫނިދޫ ޖަލުގައި އެރޭން ފެށިގެން ބަންދުވީއެވެ. އަނެއްދުވަހު އެއަރޕޯޓުގައި ހިފޭއްޓިފައިހުރި މަންތިރި މަޖައްލާތައް މިނިސްޓްރީ އޮފް ޑިފެންސަށް ގެންދިޔަޚަބަރު އަޅުގަނޑަށް ލިބިއްޖެއެވެ. ޑިފެންސުން ގުނާފައި އެމިނިސްޓްރީގެ ބެލުމުގެދަށަށް ގެންދެވުނީ، 875 މަންތިރިކަމަށް އަޅުގަނޑަށް ރަސްމީކޮށް އެންގެވިއެވެ. ލަފާކުރެވެނީ ކަސްޓަމްސް ބެލުމުގެ ދަށުގައި އެއަރޕޯޓްގައި ހުރިއިރު ބައެއް މަންތިރިތައް ގެއްލުނީ ކަމަށެވެ. ބަޔަކު ވަގަށް ނެގީކަމަށެވެ. ހަމަގައިމުވެސް، 950 މަންތިރިއަށް ވުރެގިނައިން މާލެ ގެނެވުނެވެ.

މިހާހިސާބުން އަޅުގަނޑަށް، މަންތިރިތައް ވަނީ ހިފޭއްޓިފައިކަން ޑިފެންސް މިނިސްޓްރީން ލިޔުމަކުން އަންގަވައިފިއެވެ. ބޮޑުމައްސަލަ އަކަށް ވެގެންމިއުޅެނީ، މަންތިރީގައި އަޅުގަނޑު ލިޔެފައި އޮތްމަޒްމޫނަކާ ހެދިއެވެ. އެމަޒްމޫނުގެ ހެޑިންނަކީ، “03 ނޮވެންބަރ 1988 ގެ އުދުވާނީހަމަލާ މިހާރުމިއޮތް ގޮތަށް ތާރީޚަށް ވަދެނިމިގެން ދާނީތޯއެވެ؟” މިއާޓިކަލް ލިޔުނުގޮތަށް އަޞްލު އެސަންދާނު މަޖައްލާގެ، 30 ވަނައަދަދުގައި ޝާއިޢުކޮށްފައި ވާނެއެވެ.

އަދި އަޅުގަނޑުގެ މިސައިޓުގައި ލިޔުނުގޮތަށް، އެއްވެސް އެޑިޓްކުރުމެއް ނެތި އަޞްލު އަޕްލޯޑްކޮށްފައި ވާނެއެވެ. ބައްލަވާލައްވާށެވެ.    http://www.ilyashussainibrahim.com/?p=29   މަންތިރީގައި ލިޔެވުނީ އެދުވަސްވަރާ ގުޅިގެން ކުޑައެޑިޓް ކުރުމަކާ އެކުގައެވެ. މަންތިރީގެ މިމަޒްމޫނާއި މިމަޒްމޫނުގެ އަޞްލަކީ، ކޮންމެބޭފުޅަކު ވެސް ކިޔުއްވާލެއްވުން މުހިންމު މަޒްމޫނެކެވެ. މިއާޓިކަލް ވެގެން ދިޔައީ ޑިފެންސް މިނިސްޓްރީއަށް ބަލައިގަންނަން ވަރަށް އުނދަގުވި މަޒްމޫނަކަށެވެ.

އާދެ! އަޅުގަނޑާ ސުވާލު ކުރެވުނީ، މަންތިރީގައި އަޅުގަނޑު ލިޔުނު މަޒްމޫނުގައި ހަގީގަތާޚިލާފު ވާހަކަތައް ހުރެގެންނޭ ކިޔާފައި އެކަމާގުޅިގެންނެވެ. ދެވަނަފަހަރަށް ގެންގޮސް ދޫނިދޫޖަލުގައި މިބަންދުކުރެވުނު މައްސަލައަކީ، މަންތިރި މަޖައްލާގައި އަޅުގަނޑު ހަގީގަތާޚީލާފު ވާހަކަތަކެއް ލިޔެފައި ހުރެގެން އެކަމުގެ ތުހުމަތުގައެވެ.

މިދުވަސްވަރު އަޅުގަނޑުހުރީ، އެފްޕީއައިޑިގެ މަޝްހޫރު ބޮޑުޚިޔާނާތާ ގުޅިގެން ސަޓޯއާއި އިލްޔާސް ޣައިރުގާނޫނީ ގޮތުގައި ސިއްރުން ދެއްކެވި ވާހަކަތަކުގެ ކެސެޓްރޯލް ފަޅާއަރުވާލި މައްސަލާއިގެ ޝަރީއަތްފެށި، 21 އޮކްޓޯބަރ 1990 (އާދީއްތަ) ވަނަ ދުވަހު އެންމެފަހަރަކު ކޯޓަށް ހާޒިރުކޮށް އަޑުއެހުން ބޭއްވުމަށް ފަހު، 31 އޮކްޓޯބަރ 1990 (ބުދަ) ވަނަ ދުވަހުން ފެށިގެން، ޝަރީޢަތް ނިމެންދެން އޮފީހަށް ނުނިކުމެ ހުރުމަށް އަންގަވާފައެވެ.

ސަޓޯއާއި އިލްޔާސްގެ މަޝްހޫރު ކެސެޓްރޯލްގެ މައްސަލައިގެ ބަންދުން ދޫކޮށްލީ، 02 އޮކްޓޯބަރ 1990 ވީއަންގާރަ ދުވަހުގައެވެ. ކުރިޔެކޭ އެއްގޮތަށް އޮފީހަށް ނުކުންނަން ފެއްޓީ، 04 އޮކްޓޯބަރ 1990 ވީބުރާސްފަތި ދުވަހުގައެވެ. އެބަންދާއި މިބަންދާ ދޭތެރޭގައި މާގިނަ ދުވަހެއް ނުވެއެވެ.

އެދުވަސްވަރު، ސަރުކާރުގައި ވަޒިފާ އަދާކުރާ އޮފީހަކީ، އިސްލާމީ މަރްކަޒެވެ. އޭރު އިސްލާމީ މަރްކަޒު ހިނގަމުންދަނީ ރައީސް އޮފީހުގެ ދަށުންނެވެ. 31 އޮކްޓޯބަރ 1990 ވީބުދަ ދުވަހުން ފެށިގެން، އަޅުގަނޑުހުރީ އޮފީހަށް ނުނިކުމެއެވެ. އެހެނަސް ސަރުކާރުން ކަނޑާނުލައްވައެވެ. ދެވަނަ ފަހަރަށް ބަންދުކުރީ އެގޮތަށް ހުއްޓައެވެ.

ދެވަނަ ޖަލުބަންދު:

08 ނޮވެންބަރ 1990 ވީބުރާސްފަތި ދުވަހުގެރޭ، 11:30 އެހާކަންހާއިރު، ސިފައިންގެ ބޭކަލެއް ކަމުގައިވާ އަލްފާޟިލް އަހްމަދުދީދީ، (އަހަންމާ) އޭރު ސިފައިންގެ ޕްރައިވެޓެއް، ޖަވާހިރުވާދީއަށް ދުރުވެ، އަޅުގަނޑު ގޮވައިގެން ހިންގާފައި ގެންދިޔައީ ސީދާ ސިފައިންގެއަށެވެ. އޭނާ ދުރުވެހުންނެވީ ބައިސްކަލެއް ގައެވެ. ދޮރާށިދޮށުން ދިމާވެ، އިލްޔާސް އުޅުއްވާތޯ އެއްސެވީ ވެސް އަޅުގަޑު ގާތުގައެވެ.

ދެން ކޮޓަރިއަށްވަދެ، ބުރުހާއި ދަތްއުނގުޅާ ބޭސްފުޅިއާއި އަޅުގަނޑު ގެންގުޅޭކުޑަ ޚަތިމާއި ތުވާއްޔެއް ހިފައިގެން އަހަންމާއާ އެކީގައި ސިފައިންގެއަށް ނައްޓާލީއެވެ. އަޅުގަނޑު ދިޔައީ އޭނާއާއެކު ހިނގާފައެވެ.

އޭނާވެސް ދިޔައީ ބައިސްކަލް އަތުން ހިފައިގެން ހިނގާފައެވެ. ގޭގައި ދެން އާދެވޭނެ ދުވަހެއް އަނެއްކާވެސް ނޭނގޭކަމަށް، މަންމަގާތުގައި ބުނެފައި ސަލާންގަލާން ކޮށްފައި ދެރަނުވެ އުފާކުރުމަށް މަންމައަށް ވަސިއްޔަތްކޮށް ހަދާފައި ހިނގައިގަތީއެވެ. ޖަލަށް ގެންދާއިރު، ކޮންމެފަހަރަކުވެސް ވަސިއްޔަތެއް ކުރަނީ، ޖަލުގައި މަރާލަފާނެތީއެވެ.

ސިފައިންގެއަށް ވެއްދުމަށް ފަހު، 40 މިނިޓެއްހާއިރު ކައުންޓަރ ކުރިމަތީގައި ހުރިގޮނޑިތަކުން ގޮނޑިއެއްގައި ބައިންދާފައި އިނުމަށްފަހު، މައްޗަށް އަރުވައި ސުވާލުކުރީ އަލްފާޟިލް ވ.ޅަހުއްތުއެވެ. މަންތިރި މަޖައްލާއާ ބެހޭގޮތުންނެވެ. މަންތިރި މަޖައްލާގައި ހަގީގަތާ ޚިލާފުވާހަތައް ލިޔުއްވާފައި ހުރީމާ އިލްޔާސް ގެނެވުނީ، އެމައްސަލަ ބެލުމަށް ކަމަށް، ވ.ޅަހުއްތު ވިދާޅުވިއެވެ.

ވ.ޅަހުއްތު ކުރެއްވި ސުވާލު ޚާއްސަ ކުރެވިފައިވަނީ، އަޅުގަނޑު ލިޔުނު މަޒްމޫނުގައި، އަޅުގަނޑު ލިޔެފައިވާ އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރެއް ކަމުގައިވާ، އައިއެންއެސް ގޯދާވަރީގެ ޕްލައިން އިންޖިނޭރަކާ އަޅުގަނޑައި އިސްލާމީ މަރްކަޒުން ބައްދަލުވެ، ދެކެވުނު ވާހަކަތަކުގައި އެނާ އިލްޔާސް ގާތުގައި ބުނިކަމަށް އިލްޔާސް ލިޔުއްވާފައިވާ ވާހަކައަކީ މުޅިންދޮގު ވާހަކައެއް ކަމުގައެވެ.

އޭނާއާ ހަވާލާދެއްވައި އިލްޔާސް ލިޔުއްވާފައިވަނީ، އޭނާ ބުނުއްވިކަމަށް މިހެންނެވެ. “އެމްވީ ޕްރޮގްރެސް ލައިޓަށް، ހޮސްޓެޖުން ގަޔަށް ބަޑިޖެހީ އޭގައިތިބި ދިވެހިންނޭ!” މިގޮތަށް އެއިންޖިނޭރަށް ހަވާލާދީ ލިޔެފައިއޮތީ ކީއްވެގެންތޯއެވެ؟ ކަނޑައެޅިގެން ދޮގުވާހަކައެއް ލިޔުމަކީ، ހަގީގަތާޚިލާފު ވާހަކައެއްލިޔެ ފެތުރުންކަން އިލްޔާސަށް އެނގިނުލައްވަނީ ތޯއެވެ؟

އަޅުގަނޑު ޖަވާބުގައި ދެންނެވީމެވެ. އެމްވީ ޕްރޮގްރެސް ލައިޓަށް ހޮސްޓެޖުންގަޔަށް ބަޑިޖެހީ، އައިއެންއެސް ގޯދާވަރީ މަނަވަރަށް އަރުވާފައިތިބި ދިވެހިންނޭ އެއިންޖިނޭރު ކަލޭގެ އަޅުގަނޑު ކައިރީގައި ބުނުމުން އެވާހަކަ ލިޔެފައި އެވަނީ، އޭނާ އަޅުގަނޑު ގާތުގައި އެބުނިވާހަކައަކީ، ދޮގުވާހަކައެއްކަން، އަދި ހަގީގަތާޚިލާފު ވާހަކައެއްކަން އާންމުމީހުންނަށް އެންގުމަށާ، އަދި އެވާހަކައަކީ އަޅުގަމޑުމެން އަޑުއެހިމީހުންނަށް ވަރަށް ހެއްވާ ވާހަކައަކަށްވީމާ އެކަން ކިޔުންތެރިންނަށް ވެސް އެންގުމަށް ޓަކައެވެ. މިހެންދަންނަވައި އަޅުގަނޑު ވ.ޅަހުއްތަށް ޖަވާބުދިނީމެވެ.

އަދި އެއިންޖިނޭރު ކަލޭގެ ކިޔައިދިން ގޮތުގައި މަނަވަރުގެ ހެލިކޮޕްޓަރެއްގައި އެށެއްކަ ދިވެހި ސިފައިންގެ ބޭކަލުން މަނަވަރަށް އުފުލީ އޭނާއެވެ. އެމީހުންގެ ތެރޭގައި ސިފައިންގެ އިސްވެރިއެއް ކަމުގައިވާ، އަލްފާޟިލް އާދަންޒާހިރު ހިމެނޭކަން އަޅުގަނޑަށް އެނގިފައިވާ ކަމަށް ވ.ޅަހުއްތުއަށް ދެންނެވީމެވެ. ބައިނަލް އަގްވާމީ ކަނޑުގައި ޕުރޮގުރެސް ލައިޓް އޮއްވާ، އިންޑިޔާ ސިފައިން ބަޑިނުޖަހަން ވެގެން ދިވެހި ސިފައިން މަނަވަރަށް ގެނައީކަމަށް އަޅުގަނޑު ދެންނެވީމެވެ.

އިންޑިޔާ ސިފައިން މިހެން މިކަންކުރީ ދުވަހެއްގެ ކޮޅުންވެސް މިކަން ތަހްގީގު ކޮށްފިނަމަ، ދިވެހި ސިފައިން ތިބެގެން އެމީހުންގެ އަމުރަށާއި އޯޑަރަށް ކުރެވުނު ކަމެއްކަން ސާބިތުކުރުމަށެވެ. އަނިޔާ ލިބުނު އަލްފާޟިލް އިސްމާޢީލް ނަސީރާއި އަލްފާޟިލް އަހްމަދު މުޖްތަބާއާއި އޭނާގެ ބިދޭސީ އަނބިކަނބަލުން ބޭނުންފުޅުނަމަ، މިދައުވާ ހުށަހެޅޭނެ ކޯޓުތައް ދުނިޔޭގައި އެބަހުއްޓެވެ. ހަތަރެއް ނުވަތަ ހައިންޗީގެ ބޮޑުބަޑީގެ ވަޒަނުން އިސްމާޢީލް ނަސީރުމެންނަށް އަނިޔާވެފައި ހުއްޓެވެ.

އެމީނުންގެ ގައިންނެގި ވަޒަންތަކުގެ އެތިކޮޅުންނާއި ކުނޑިންއެއީ އިންޑިޔާ މަނަވަރުން ދެވުނުހަމަލާއިން ވެފައިވާ އަނިޔާތައްކަން ސާބިތު ކުރެވޭނެއެވެ. އިންޑިޔާ ސިފައިން ދެއްކިވާހަކަތައް އަދިވެސް އެހުރިތާކު ފޮރުވާފައި އެބަހުއްޓެވެ. މަނަވަރުގައި ދިވެހިސިފައިން ތިބެގެން ދެއްކި ވާހަކަތަކާއި އާދަންޒާހިރާއި ރައީސް މައުމޫނާ ދެމެދު ދެކެވުނު ވާހަތަކާއި މުޖްތަބާ މެދުވެހިކޮށް ސުލްހަކުރެވޭތޯ އެހަމަލާގައި ބައިވެރިވި ދިވެހިލީޑަރު ލުތުފީއާ ދެކެވުނު ވާހަކަތައް ހުރިތާކު ފޮރުވިފައި ހުންނަން ޖެހޭނެއެވެ.

އަދި ރައީސް މައުމޫނާއި ކޮލިއަލި މަނިކައި ޕުރޮގުރެސް ލައިޓް ފައްތާލުމާ ބެހޭގޮތުން ދެކެވުނު ވާހަކަތަކެއް ވެސް ހުރިތާކު ފޮރުވިފައި ވާނެކަން ޔަގީނެވެ. އަޅުގަނޑު ބުރަވަނީ، ކޮންމެވެސް ދުވަހަކުން މިމައްސަލަތައް އަލުން ބެލުމަށެވެ. އަދި އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހަށް ވަދެވޭ ދުވަހަކުން މިމައްސަލަތައް މަޖިލީހަށް ވައްދާނެވާހަކަ ބާރުލާފައި ވ.ޅަހުއްތަށް ދެންނެވީމެވެ.

އަޅުގަނޑުދެކެ ބޮޑަށް ރުޅިއައީ މިބަހުސް އޭނަޔާ ކުރީމައެވެ. ދެން މިކަމާ ގުޅިގެން ވިއްސަކަށް މިނެޓްހާއިރު ހޫނުބަހުސްކޮށް ވާހަކަ ދެއްކުމަށް ފަހު، ވ.ޅަހުއްތު ވިދާޅުވަނީ، އިލްޔާސެވެ! އެހެންނަމަވެސް އަދި މިތަހުގީގު ނުނިމޭތީމިރޭ އިލްޔާސް މިފޮނުވަނީ، ދޫނިދޫ ޖަލުގައި ބަންދުކުރުމަށެވެ. އިލްޔާސަށް ޖެހޭނީ ޖަލުގައި ހުންނާށެވެ!

ހަމައެރޭ އެވަގުތު، ތިރިޔަށް ބޭލުމަށް ފަހު، ފަސްމިނެއްޓެއްހާ އިރު ތިރީގައިހުރި ގޮނޑިއެއްގައި ބޭންދުމަށްފަހު، ގެންދިޔައީ އެދިމާލުން އަތިރިމަތީ ތޮށިގަނޑު މައްޗަށެވެ. އޭރުއެތަނުގައި ސިފައިންގޭގެ ކުޑަވަރެއްގެ ވޭލަރެއް ޑްރައިވަރަކައި އަދިވެސް އެހެން ކުއްޖަކާއެކު، ތައްޔާރަށް އޮތެވެ. އެއަށް އަރުވައިގެން ނައްޓާލީ، ދޫނިދޫޖަލަށެވެ.

އޭރުގަޑިން ދަންވަރު އެކެއްޖަހާ ބޮޑުވެދާނެއެވެ. ބަނދަރުހަދަން އަތިރިމަތި ކޮނެފައި އޮތްދިމާއަށް ވޭލަރުމަޑުކޮށް ކުރީކޮޅު ބީއްސާލައި ކޮނެފައިއޮތް ގާތަކުމައްޗަށް އަޅުގަނޑު ބާލައިގެން ގެންދިޔައީ ސީދާޖަލާ ދިމާއަށެވެ. ގޮޅިތަކަށެވެ. މިހާހިސާބުން ސުލައިމާނު ސަރުދާރާ ހަވާލުކޮށްފިއެވެ. ހިނިތުންވެލިތަން ފެނުނެވެ.

އެހެނަސް އަތްދިއްކޮލުމުން ސަލާންނުކުރިއެވެ. އަޅުގަނޑު ގެންގޮސް ވައްދާއި ބަންދުކުރީ ހަމަކުރިން ވެސްހުރި އެއްނަންބަރު ގޮޅީގައެވެ. ސުލޭމާނު އަޅުގަނޑާ އެއްވެސް ވާހަކައެއް ނުދައްކަވައެވެ. ހުންނަވަނީ އިސްޖައްސަވައި ގެންނެވެ.

އާދެ! މިދުވަސްވަރުގައި ޖަލުގައި ހުރިއިރު، އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތުގައި ބަންދުކޮށް ފައިހުރި އަލްފާޟިލް މާކުން އަބްދުއްސައްތާރު އަލީ، (ސަޓޯ) މ.ކަނޑުވެޔޮމަތީގެ މާލެ، 14 ނަންބަރު ގޮޅީގައި ބަންދުކޮށްފައި ހުއްޓެވެ. އަދި ދޫނިދޫ އޮފީސްބައިގެ ކޮޓަރިއެއްގައި، އަލްފާޟިލް އަމީލްޖަލީލް، (އަމީ) ކ.ފަހިވާގެ މާލެ، ގެންގުޅުއްވާތަން ފެނިފައިވެއެވެ.

ލަފާކުރެވެނީ އެފްޕީއައިޑީގެ ތަހުގީގާ ގުޅިގެން ކަމަށެވެ. އިތުރު ކަމެއްނެތި ގޮޅީގައި ހުންނަނީއެވެ. ކުރީފަހަރު ގޮޅީގައި ހުރިއިރު ކަންތައް ކުރަމުން ގެންދިޔަބީދައިން ހުރިހާކަމެއްވެސް ދެދުވަހެއްގެ ތެރޭގައި އިއާދަކުރެ ވިއްޖެއެވެ.

މިއާދަތައް ދުވަހުން ދުވަހަށް އިއާދަކޮއްލަ ކޮއްލައި ހުރީއެވެ. އަތުގައި ޚަތިމާއި ބުރުހާއި ދަތްއުނގުޅާ ބޭސްފުޅިއާއި ތުވާލި އޮތުމުން، އެއްވެސް އުދަގުލެއް ނެތެވެ. ވަރަށް ފަސޭހައިން ބޭނުންވާ ހުރިހާ ކަމެއްވެސް ކުރެވެއެވެ. ހުރީ ފަރިތަވެފައެވެ. ގިނަވަގުތު ހޭދަކުރަނީ ވުޟޫމަތީގައިހުރެ ގުރުއާން ކިޔެވުމުގައެވެ. ބައެއްފަހަރު، ހަތަރުދުވަހުން ގުރުއާން ޚަތިމުކޮށްފައި ވެސް ހުންނާނެއެވެ.

ފަހަކަށްއައިސް ޚަތިމުކުރަނީ ހަތްދުވަހުން، ހަތްދުވަހުއެވެ. ކެއުމަށް ވަކިބަދަލެއް ނެތެވެ. ހަމަކުރީފަހަރު ވެސް ހުރިގޮތަށެވެ. އެހެނަސް ކޮންމެހުކުރު ދުވަހަކު މެންދުރު ކެއުމާއެކު ކޮންމެވެސް ފޮނިކާއެއްޗެއް ދޭންފަށައި ފިއެވެ. ހުންނަނީ ބޮނޑިބަތް ނުވަތަ ކަސްޓަޑް ފަދަ އެއްޗެކެވެ. ދެނީކުޑަ ވަތުތައްޓެއްގެ އެތިކޮޅެވެ.

ސުލޭމާނު ކައިރީގައި އެދިގެން ދެދުވަހުން އެއްދުވަހު ފެންވަރަން ނެރޭގޮތަށް ހަމަޖެހިއްޖެއެވެ. ކުރިއެކޭ އެއްގޮތަށް މިދުވަސްވަރު ވެސް ގޮޅިތަކުގައި ކަރަންޓެއް ނުހުރެއެވެ. ހުންނަނީ ރޭގަނޑުވީމާ ގެނެސް ގޮޅީގެ ބޭރުގައި އަޅުވާފާނޫޒެކެވެ. އިރުއެރީމާ ގެންދާނެއެވެ.

ރޭގަނޑު ފާޚާނާއަށް ދާންޖެހެނީ، ނުވަތަ ވުޟޫއުކުރުމަށް ނުކުންނަން ޖެހިއްޖެނަމަ، ޖެހެނީ ފާނޫޒު އަތުން ހިފައިގެން އުޅޭށެވެ. ނިމުނީމާ އެނބުރިއައިސް ފާނޫޒުގެ ބުޅިގަނޑުގައި އަޅުވަނީއެވެ. ބަންދުގޮޅިއެއްގައި ބައިތިއްބާފައި ތިބޭއިރު، ފުލްކިޓްގައި ބަޑިހިފައިގެން ފޯރިއަށް ތިބުމަކީ، ގައިދީން ނަފްސާނީގޮތުން ބިރުދެއްކުމަށް ކުރާކަމެކެވެ.

މިފަހަރުވެސް ފޯރިމެރުންއޮތީ މިގޮތަށެވެ. އަޅުގަނޑަށް މިކަންތައްބޮޑުވެގެން ތަހުގީގަށް ނެރުމުން މިއީބިރު ދެއްކުމަށާއި ނަފްސާނީ ބަލިޖެއްސުމަށް ކުރާކަމެއްކަމުގައި ބުނެމައްސަލަ ޖައްސައިފީމެވެ. އަދި މިކަން މިހާރު ބޭރުދުނިޔެއަށް ވެސް އެނގޭކަމަށް ބުނެފީމެވެ. އިނގިރޭސި ވިލާތުގައި މަރުކަޒުހުންނަ، އެމްނެސްޓީ އިންޓަރނޭޝަނަލަށް މިކަންމިހާރު އިނގޭނެއެވެ. މިޝަކުވާތައް އުފުލުމަށްފަހު، ދެންއައި ހަފްތާގައި ފޯރިނުކުތީ، ބަޑިއާނުލައެވެ. ބަޑިފޯރިމެރުން އާދައިގެފޯރި މެރުމަށް ބަދަލުވެއްޖެއެވެ. ދެންއަންނަނީ ޔުނީފޯމުގައި ހުސްއަތާތިބޭ ފޯރިއެކެވެ.

އެހެނަސް އުނަގަނޑުގައި މުގުރެއް އެލުވާފައި އޮވެއެވެ. މިއީ އަޅުގަނޑު މައްސަލަ ޖައްސާއިގެން ޖަލަށް ގެނެވުނު އިސްލާހީ ކުޑަބަދަލެކެވެ. ގިނައިން ފެންވެރޭގޮތާއި މިދެކަންތައް ހައްލުވެއްޖެއެވެ. ﷲއަށް މިކަމާގުޅިގެން ޝުކުރު ދެންނެވީމެވެ. ޝުކުރުގެ ދެރަކުއަތް ﷲއަށް ކުރީމުއެވެ. ގޮޅީގެ ބަންދުގައިހުރެ މިގޮތަށް ދުވަސްތައް ހޭދަވަމުން ދަނީއެވެ. މިފަދަ ކަންކަމުގައި ޖަލުތެރެއިން އަޅުގަނޑަށް ދައްކަނީ ރީތިކޮށް ލުއިކޮށް ކަންތައްކޮއްދޭ މަންޒަރެވެ. ގިނަކަންތައް އަޅުގަނޑަށް ފަސޭހަކޮށްދޭތަން ފެނެއެވެ. ފަހަރުގައި ފަހުންއޮތްބައި ބޮޑުކަމުން ހަދާގޮތަކަށް ވެދާނެއެވެ.

އާދެ! 15 ވަރަކަށް ދުވަސްފަހުން އެއްދުވަހަކު، ވ.ޅަހުއްތު ދޫނިދުވަށް ދުރުވެ، އަޅުގަނޑު ތަހުގީގަށް ނެރުނެވެ. ފުރަތަމަވެސް އެއްސެވީ އިތުރަށް ބޭނުންވާ ކަމެއް އެބައޮތްހެއްޔެވެ؟ ދަތިކަމެއް އުނދަގުލެއް އެބައޮތް ހެއްޔެވެ؟ މިބާވަތުގެ ސުވާލުތަކެއްކޮށް ވަރަށް ރަނގަޅަށް ވާހަކަ ދައްކަވައިފިއެވެ. އިލްޔާސް ބޭނުމިއްޔާ ގޮދަނޑިއަކާއި ބާލީހެއްވެސް ހަމަޖައްސައި ދެވިދާނެކަމަށް ވިދާޅުވީމާ، ވ.ޅަހުއްތު އަރިހުގައި އަޅުގަނޑު ދެންނެވީމެވެ. މިހާރު ވަރަށް ރަނގަޅެވެ. ދެދުވަހުން އެއްދުވަހު ފެންވެރޭގޮތަށް ހަމަޖެހިއްޖެއެވެ. ގޮދަޑިއަކާއި ބާލީހެއް ދެއްވަން ފެންނަކަމަކަށް ވަނީނަމަ، ދެއްވިޔަސް އެންމެރަނގަޅޭ ދަންނަވައިފީމެވެ.

މިއަދުގެ ވާހަކަތައް މިވަރަށް ނިންމާލައްވާފައި އަޅުގަނޑު ގޮޅިޔަށް ފޮނުވާލެއްވީއެވެ. ދެންހަމަ އެދުވަހު ގޮދަޑިއަކާއި ބާލީހެއް، ސުލޭމާނު ސަރުދާރު ގެނެސްދީފިއެވެ. ފެންވަރާނެ ސައިބޯނި އަބަދުވެސް ޖަލުންދެއެވެ. އޭރުދެނީ ޑިޔަރސައިބޯންޏެއްގެ ދެބައިކުޅަ އެއްބަޔަށް ބުރިކޮށްލާފައި އެއްބައެވެ.

ހުސްވެގެން ބުނީމާ އަނެއްކާވެސް ސައިބޯނި ބުރިއެއް ގެނެސްދެނީއެވެ. އަޅުގަނޑު ގޮޅީގައި ރީތިކޮށް ބަހައްޓާލާފައި ހުރީއެވެ. ހީވަނީ ބޮޑުކަންތައް ގަނޑެއް ރާވަނީހެންނެވެ. އެދުވަސްވަރު މާލެދަނީ ސާކްސަމިޓަށް ތައްޔާރު ވަމުންނެވެ.

މިދުވަސްވަރަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ސާކްސަމިޓް ބާއްވާ ދުވަސްވަރަށްވާތީ، ގާޑުންނަށްތިބޭ ބައެއްއޮފިސަރުން ރާއްޖޭގެ ޚަބަރުތައް ދީހަދައެވެ. މާލެތެރޭގައި ހިނގާމުހިންމު ކަންތަކުގެ ވާހަކަތައް ބުނެލާހަދާ ގާޑުންނާ މިހާރަކަށް އައިސް ދިމާވެއެވެ. ޖާލުގައި އުޅޭތާމާގިނަ ދުވަސްވީމާ ވާގޮތެވެ. ގިނައޮފިސަރުން އަޅުގަނޑަށް ވަރަށް އިހްތިރާމް ކުރެއެވެ. ޚާއްސަކޮށް އަޅުގަނޑަށް ވަރަށް އޯގާތެރިވެ ހަމްދަރުދީވާ ގާޑުންނާ ދިމާވެއެވެ.

ތިޔައީ އަހަރުމެންގެ ގައުމަށްޓަކައި މަސައްކަތްކޮށްގެން ގެނެސްފައިތިބޭ މީހުންކަން ގަބޫލުކުރެވޭކަމަށް ބުނެހަދާ ކުދިންނާވެސް ދިމާވެއެވެ. އަޅުގަނޑު މެންނަކީ، ބޮޑެތި ޖަރީމާތަކެއް ހިންގައިގެން ގެނެވިފައިތިބި ބައެއްނޫންކަން ގަބޫލުކުރާ ކުދިންނާވެސް ދިމާވެއެވެ.

އަދި، 03 ނޮވެންބަރ 1988 ގެ އުދުވާނީ ހަމަލާގައި އަތުލައިގަނެ ބަންދުކޮށްފައި ހުންނަވާ، އަލްފާޟިލް އަބްދުﷲ ޝާހިދު (ޑީބީ) އިތުރު ނުކިޔަމަންތެރި ކަމެއްދައްކައިގެން އެދުވަސްކޮޅު ހުންނަވަނީ، ދޫނިދޫޖަލުގައި އަޅުގަނޑު މެންނާއެކުގައި ކާރިގޮޅިއެއްގައި ބަންދުކޮށްފައެވެ.

މީނާއަކީ ޖަލުތެރެއަށް ވަރަށްހޭނިފައިވާ ވަރުގަދަކަން ދައްކާ މީހެކެވެ. ބޭނުންވާއެއްޗެއް ހަރުއަޑުންބުނެލާ ޖަލުތެރޭގައި އަޑުގަދަ މީހެކެވެ. ޑީބީ އެކިބޭނުމުގައި ވަޅުދޮށަށް ނުކުންނައިރު ބައެއްފަރިތަ ގާޑުންނާއެކު ނުކުމެވޭ ފަހަރުގައި އަޅުގަނޑު ގޮޅިކައިރިއަށް މަޑުކޮށްލާ ބައެއްޚަބަރުތައް ދީހަދައެވެ.

މިގޮތުން ދެއްވިޚަބަރެއްގައި އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތުގައި އިލްޔާސް ސަޓޯގެ ކެސެޓްރޯލް މައްސަލާގައާއި މިހާރު މިހުންނަ މަންތިރީގެ މައްސަލާގައި އަޅުގަނޑު ޖަލުގެބަންދުގައި ހުންނާތީ، މާލޭގެ މަޝްހޫރުމަގުތަކުގެ ފާރުތަކުގައި “ފްރީއިލްޔާސް” ލިޔެފައި ހުންކަމަށާއި “ފްރީގޯގޯ” ލިޔެފައި ހުންނަކަމަށް ޚަބަރުދިނެވެ. މިޚަބަރު އަޅުގަނޑަށް ވެގެންދިޔައީ ވަރަށް ހިތްހަމަޖެހުންލިބި އުފާވެރިކަން ގެނެސްދިން ޚަބަރަކަށެވެ.

އަޅުގަނޑުމެން މިހިންގާ އިސްލާހީ ހަރަކާތުގެ ފަހަތުގައި ބަޔަކުއެބަތިބިކަން މިކަމުން ސާބިތުގެން ދިޔައެވެ. އަދި މިލިޔުންތައް ފަތިހު ސިފައިން ނުކުމެ، ކުލަލާފޮހެލާ ވާހަކަވެސް ޑީބީ ބުނެދިނެވެ. މިގޮތުން މާލެތެރޭގެ ވަރަށްގިނަ ޚަބަރު، ޑީބީ ގެނެސްދެއެވެ. އަދި މާލޭގައި މާވަރުގަދަ “ބިންބިފޯސް” އޭ ކިޔާބަޔަކު އުޅޭވާހަކައާއި އެފޯހާ ދެކޮޅަށް މާލޭތެރޭގައި ބޮމެއް ގޮއްވާލާ، އަދި ކޮއިމަލާ ނަމަކަށް ކިޔާލާންޗެއްވެސް ގޮއްވާލައި ވަރަށް ގިނަކަންތައްގަނޑު އެބަހިނގާ ކަމުގައި ބުނެދިނެވެ.

މިއީފުރަތަމަ ފަހަރަށް މިޚަބަރު އަޅުގަނޑަށް ލިބުނުގޮތެވެ. މާލޭ ސަލްޓަންޕާކްގައި ކަޓޫރަބޮމެއް ގޮއްވާލައިފި ޚަބަރުއެންމެ ފަރަތަމަ ލިބުނީ، ޑީބީގެ ފަރާތުން ޖަލުގެ ގޮޅީގައި ބަންދުވެފައި ހުންނަނިކޮށެވެ. އަދި ބައެއްފަހަރު މަތިން ވަރަށް ގިނައިން، ސިފައިން އޭނާއަށް އަހުވާއެއްގެ ގޮތުގައި ދައްކާ އަނިޔާތަކުގެ ވާހަކައާއި ހަށިގަނޑަށް އެކަމުން ވެފައިހުރި އަނިޔާތައް އަޅުގަނޑަށް ދައްކާހަދައެވެ.

ފައިގެ ކަށިމައްޗާއި ބުރަކަށި ދައްކާފައި މިހާރުވެސް މިހިރީ މިތަނުން ބޭރަށް ނެރެފައި ތަޅާއިގަތީމާ އަނިޔާވެފައި ހުރިތަންތަނޭ ކިޔާފައި އަޅުގަނޑަށް ދެއްކިއެވެ. ނޫފައިގަނެ ދުޅަވެފައިވާތަން އަޅުގަނޑުގެ ލޮލުންދުށީމެވެ. ހަމައެކަނި އެދުވަސް ކޮޅުގައިވެސް ޑީބީއަށް ވަރަށްގިނަ އަނިޔާކޮށްފައި ހުރިތަންތަން ފެންނަންހުއްޓެވެ. ޑީބީ އުފާކޮށް ލުމުގެ ގޮތުން، އަޅުގަނޑު ދަންނަވަމެވެ. އަޅުގަނޑުމެން މިނިވަންވީމާ، ތިޔަކަންތައް ހަމައަކަށް އަޅުވާލާނަމެވެ. ބޭރުދުނިޔެއަށް ތިޔަ ޚަބަރުތައް ދޭނަމުއެވެ.

18 ނޮވެންބަރ 1990 ވީއާދީއްތަ ދުވަހު ފަތިހުވަގުތެއްގައި ކުއްލިއަކަށް ފެނުނީ، އަލްފާޟިލް އަބްދުލް ހަންނާން އަބޫބަކުރު، (ހެރިންސް) އާއި އަލްފާޟިލް ނައުޝާދު ވަހީދު، (ނައުބެ) މއ.ސިލްވަރސީން، މާލެ އާއި އަލްފާޟިލް ޔޫސުފްރަފީޢު، (ޔޫސޭ) މ.ބިގްފިޝް މާލެ އާއި އަލްފާޟިލް އަބްދުﷲ ހަމީދުފަހުމީ، (ސަންގަށް ޅެންހަދައިދިން ޅެންވެރިޔާ) އާއި އަލްފާޟިލް މުހަންމަދު ޝަފީގު، (ބޮޑުސައްޕެ) ގެނެސް އެކިއެކިގޮޅިތަކަށް ވެއްދިތަނެވެ. ސައްޕެހުރީ ބޮލައިއަތްފައި ބެންޑޭޖް ކޮށްފައެވެ. ފަހުން އެނގުނުގޮތުގައި ބޮޑުސައްޕެ ބެންޑޭޖްގައި ހުންނެވީ، އޭގެ އެއްދުވަސްކުރިން ވެފައިވާ އެކްސިޑެންޓެއްގެ ސަބަބުން ކަމުގައެވެ.

ސިފައިންކުރި އަނިޔާއިން ނޫންކަމަށެވެ. މިވީގޮތެއްނޭގިގެން އަޅުގަނޑު ވަރަށް ކަންބޮޑުވެއްޖެއެވެ. މާލޭގައި ކަންތައްގަޑެއް ހިނގީބާވައޭ ވެސް ހިތަށްއެރިއެވެ. އެއްގޮތަކަށް ވެސް މިވީގޮތެއް ނޭނގުނެވެ. އޭރު ޖަލުގެ، 6 ނަންބަރުގޮޅީގައި މަންތިރި މަޖައްލާގެ އެޑިޓަރުކަމުގައިވާ، މަޝްހޫރު ލިޔުންތެރިޔާ، އަލްފާޟިލް އަހްމަދު ވަހީދުއަލީ، އޮންނެވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރެއް ކަމުގައިވާ ގދ.އަތޮޅުގެ މެންބަރު އަލްފާޟިލް މުހަންމަދު ލަތީފު، (ގޯގޯ) 18 ނަންބަރުގޮޅީގައި ބަންދުކޮށްފައި ހުންނެވިއެވެ. ގޯގޯއަށް ތުހުމަތު ކޮށްގެން އުޅެނީ، ޑޮކްޓަރ ވަހީދު މެންނާގުޅިގެން ރައީސް މައުމޫނަށް އިތުބާރުނެތް ކަމުގެވޯޓެއް ނެގުމަށް ވާހަކަތަކެއް ދެއްކެވިކަމުގެ ތުހުމަތުތަކެވެ.

ގޯގޯލަތީފު ވެސް ވަޅުދޮށަށް އެކިކަންކަމުގައި ނެރޭފަހަރު، ފަހަރުގައި އަނގައިންބުނެލާ ހަދައެވެ. ސަޓޯވެސް ވަޅުދޮށަށް ނެރޭފަހަރު ތަކުގައި ހާލުއަހުވާލު އަހާލާއި ބައެއްވާހަކަތައް ބުނެލާހަދައެވެ. ސަޓޯފެންވަރަން ނެރެފިއްޔާއޭނާ ނުފެނުނަސް އެނގޭނެއެވެ. ސަޓޯ ފެންވަރާއިރު ލާންބޭނުންކުރާ ސައިބޯންޏާއި ޝޭންޕޫގެ މީރުވަސްގަނޑު އަޅުގަނޑުގެ ގޮޅިއާއެކު މުޅިއެހިސާބުގައި ހިފާލާފައި ހުރެއެވެ.

ގަބޫލުކުރެވިފައިއޮތީ، އޭނާގެ އަނބިކަނބަލުން އަލްފާޟިލާ މާރިޔާއަހްމަދު ދީދީ، ލަންޑަނުން މާމީރުވަސްދުވާ މޮޅެތި ސައިބޯނި، އަދި ޝޭންޕޫފަދަ އެއްޗެތި ފޮނުވަނީކަމަށެވެ. ސަޓޯ ވައްދާފައި ހުންނަނީ، 14 ނަންބަރު ގޮޅިއަށެވެ.

18 ނޮވެންބަރ 1990 ވީއާދީއްތަ ދުވަހު، އަޅުގަނޑު ގޮޅިންނެރެގެން ގެންގޮސް އަޅުގަނޑާ ބައްދަލުކުރީ، ސިފައިންގެ އޮފިސަރެއް ކަމުގައިވާ، އަލްފާޟިލް މުހަންމަދުހަލީމް މއ.ނައިބުގެ މާލެއެވެ. މިހިރީއިއްޔަރޭގެ ވަގުތެއްގައި އިލްޔާސްގެ ގެކަމުގައިވާ މ.ޖަވާހިރުވާދީގެ އިލްޔާސް ނިދާކޮޓަރީގައި ހުންނަ އަލަމާރިތެރެއިން، ޖަވާހިރުވާދީއަށް ސިފައިންވަދެ ފާސްކުރިއިރު ފެނިފައިވާ ތަކެއްޗެވެ. ހަލީމް އިންނެވީ ޖަލުތެރެއިން ބޭރުގައި ބަހައްޓާފައި ހުރިވަކި މޭޒަކާ ގޮނޑިއެއްގައެވެ. އަޅުގަނޑު ބައިންދާފައިއިނީ، މޭޒުގެ ކުރިމަތީގައި އޭނާއައި ކުރިމަތިން ދިމާވާގޮތަށެވެ.

ފުރަތަމަވެސް އަޅުގަނޑަށް ދެއްކީ، އަޅުގަނޑު ފޮރުވައިގެން ގެންގުޅޭ މޮހޮރުބަޑިއެއްގެ ތިންވަޒަނެވެ. އެތިންވަޒަން ދައްކާލާފައި އިލްޔާސް އަލަމާރީގައި ފިސްތޯލަ ވަޒަން ރައްކާކޮށްގެން ތިޔަ ގެންގުޅެނީ ކީއްވެގެންތޯ ސުވާލުކުރެއްވިއެވެ. ފިސްތޯލައިގެ މިވަޒަންތައް ހޯދީކޮންތާކުންތޯ ހަރުއަޑުން ސުވާލުކޮށްފިއެވެ. ހަލީމު އިންނެވީ ވަރަށް ރުޅިގަދަވެފައެވެ. މިކަމާ އަޅުގަނޑު ވަރަށް ރުޅިއައިސްފިއެވެ. ރުޅިވެރިކަމާއެކު ޖަވާބުދީފީމެވެ.

ހަލީމްފަދަ ސިފައިންގެ މަސައްކަތްތައް ކިޔަވައިގެންތިބޭ ޒުވާންބޭފުޅުންނަކީ، މުސްތަގްބަލް އުޖާލާކޮށްއޮތް ބޭފުޅުންނަށް ވާއިރު، ތިޔައީ ކޯޗެއްކަން އެނގިނުލެއްވީތީ، އަޅުގަނޑު އަޖައިބު ވެއްޖައިމެވެ. ތިޔަސުވާލުކުރަނީ އޮޅުވާލައިގެންތޯ ނުވަތަ އެނގިހުރެ ގަސްދުގައި އޮޅުވާލައިގެންތޯ އަޅުގަނޑު އަހައިފީމެވެ. ތިޔަވަޒަންތަކަކީ، ފިސްތޯލައިގެ ވަޒަންތަކެއް ނޫނެވެ. ތިބޭފުޅާއަށް ފިސްތޯލައިގެ ވަޒަންދަސްކޮށް ދިނީކާކުތޯއެވެ؟ އަޅުގަނޑު ދަންނަ ފިސްތޯލައިގެ ވަޒަން ހުންނަނީ، ތިޔަހެންނެއް ނޫނެވެ. ހަލީމަށް އަޅުގަނޑު މިވާހަކަތައް ކިޔައިދިނީމެވެ.

ތިޔައީ ފިސްތޯލައިގެ ވަޒަނެއްނޫނެވެ. ތިޔަވަޒަންތައް ލެއްވޭ ފިސްތޯލައެއް އަދި މިދުނިޔެއަކު އުފައްދާފައެއް ނުވާނެކަން ކަށަވަރެވެ. ތިޔައީ މޮހޮރުބަޑިއެއްގެ ތިންވަޒަނެވެ. މޮހޮރުބަޑީގެ ވަޒަން ލެއްވޭ، ފިސްތޯލައެއް އަދިނޫފައްދައެވެ. ތިބޭފުޅުން ސިފައިންގޭގައި ބޭނުބްކުރަނީ މޮހޮރުބަޑީގެ ވަޒަންތޯއެވެ؟ ދެން ރުޅިއައިސް އިންނަވައިގެން މޮހޮރުބަޑީގެ ވަޒަން ފޮރުވައިގެން ތިޔަގެންގުޅެނީ ކީއްކުރަންތޯ ސުވާލުކޮށްފިއެވެ. އަޅުގަނޑު ދެންނެވީމެވެ.

ތިޔަ 3 ވަޒަން މިގެންގުޅެނީ ވަރަށްތާރީޚީ ހަދާނަކަށެވެ. އަޅުގަނޑު އަތުގައި ތިޔަފާޑުގެ ވަރަށްގިނަ ހަދާނީ ތަކެތި ހުންނާނެއެވެ. އަނެއްކާ އެހުރިހާ ތަކެއްޗެއް ތިޔަބޭފުޅުން ވަގަށް ނެންގެވީ ތޯއެވެ؟ 03 ނޮވެންބަރ 1988 ގެ އުދުވާނީ ހަމަލާގެ ހަދާންތައް ވެސް ހުންނާނެއެވެ. އެދުވަހު ދުޝްމަނުން ބޭނުންކުރި ވަޒަންތަކުގެ ހުސްދޯރިތައް ވެސް ހުންނާނެއެވެ. އެކިސައިޒުގެ ވަޒަނުގެ ހުސްތޮށިގަނޑުތައް އެއްކޮށްފައި ހުންނާނެއެވެ.

އަޅުގަނޑަކީ އެދުވަހު ފަތިހު ނުކުމެއުޅުނު މީހެކެވެ. މައްކާގެ ހިލައާއި ވެއްޔާއި އުހުދު ފަރުބަދައިގެ ހިލައާއި ބަދުރުހަނގުރާމައިގެ ބިމުގެ ހިލައާއި ރަތްކަނޑުގެ އައްސޭރިން ގެނެސްފައިވާ އެކިބާވަތްތައް ވެސް ކޮޓަރިތެރޭގައި ބަހައްޓާފައި ހުންނާނެއެވެ. އެހުރިހާ އެއްޗެއް ނެތިއްޔާ ތިޔަބޭފުޅުން ޒިންމާވާންޖެހޭ ނެއެވެ.

ބުނަންހެއްޔެވެ! ތިޔަތިން ވަޒަނަކީ، އިސްލާމީ މަރުކަޒުގެ އެންމެބޮޑު ނަންބޯޑު ހަރުކުރަން އައިސްއުޅުނު މެލޭޝިޔާގެ ކުންފުންޏެއްގެ ޓީމަކުން އެއްރޭ ހޭލާތިބެގެން އެމަސައްކަތް ހިންގިއިރު އެރޭ އަޅުގަނޑުވެސް އެތާގައި ހޭލާހުރެފައި އެމަސައްކަތް ނިމުމުން އެކަމުގެ ހަނދާނުގައި އެމީހުންކާރީގައި ބުނެގެން އަތުލި، އެބޯޑުހަރުކުރަން ގެންގުޅުނު މޮހޮރުބަޑީގެ ވަޒަންތަކުގެ ތެރެއިން ތިންވަޒަނެވެ. މިތިންވަޒަން އެމީހުންއަތުން އަޅުގަނޑު އަތުލީ، މުހަންމަދު ތަކުރުފާނުލް އައުޒަމް މިސްކިތުގެ ނަންބޯޑަށްޖެހި ބަޑިޔަށް ލެއްވިވަޒަނާއި އެނަންބޯޑު ހަރުކުރިރޭގެ ހަނދާނުގައެވެ.

އެމީހުން އަތުން އަތުލައިގެން އެރޭ އަޅުގަނޑުވެސް އެބަޑިން މޮހޮރުޖެހީމެވެ. އެއީ ފުރަތަމަ ފަހަރަށް އޭގެބަޑިއެއް އަޅުގަނޑަށް ފެނުފަހަރެވެ. އަދި ބޭނުންކުރުމުގެ ނަސީބުލިބުނު ފަހަރެވެ. އެހަނދާން ތަކުގެގޮތުން މިތިންވަޒަން އަޅުގަނޑު ގެންގޮސް ފޮރުވާފައި އޮތީއެވެ. ތިޔަތިން ވަޒަނަކީ، އަޅުގަނޑުގެ ހައްގެކެވެ. ތިޔަތަކެތު ޖެހޭނީ އަޅުގަނޑަށް ލިބޭށެވެ. ހިފާއްޓައިގެން ނުވާނެއެވެ. ސަރުކާރަށް ނަންގަވަންޏާ ބަދަލުލިބެން ޖެހޭނެއެވެ.

މިއަށްފަހު ހަލީމުދެން ދައްކާލެއްވީ، ފޮޓޯނަގާފިލްމް ހުސްކުރިޕްލާސްޓިކް ދެދަޅަށް އަޅާފައިހުރި ދިރޭރަހައިގެ ދެދަޅެވެ. މިއީވަރަށް ބަރުއެއްޗެކެވެ. ހަމަފެންނައިރަށް އެއީ އަޅުގަނޑު ގެންގުޅޭ ދެދަޅުކަން އެނގިއްޖެއެވެ. ހަލީމު އައްސަވައި ފިއެވެ. މިއީ ބޮމެއްހަދަން އެއްކޮށްފައި ހުރިއެއްޗެއް ހެއްޔެވެ؟ ތިމަންނަ ބަލާނީ ބޮމެއްހެދުމަށް އެއްކޮށްފައި ހުރިބާވަތަކަށެވެ.

އިލްޔާސް ދިރޭރަހަ ފޮރުވައިގެން ތިޔަގެންގުޅެނީ ކީއްކުރަން ކޮންމަގްސަދެއް ގައިކަން އޮޅުންފިލުވަން ބޭނުންކަމުގައި ވިދާޅުވެއްޖެއެވެ. އަޅުގަނޑު ދިޔައީ ހަލީމުގެ މިވާހަކައިން ސިއްސައިގެންނެވެ. ހަލީމަށް ދަންނަވައިފީމެވެ. ދިރޭރަހައަކީ ބޮންހަދަން އަޅާއެއްޗެއްކަން މިއެނގުނީ މިއަދު ތިބޭފުޅާގެ އަރިހުންނެވެ. ތިޔައީ ރަނގަޅު ވާހަކައެއް ކަމަށް، އަދިވެސް އަޅުގަނޑުގެ ބުއްދިގަބޫލެއް ނުކުރެއެވެ. ތިޔަކަހަލަ ވާހަކައެއް އަޑުއެހި މިއީފުރަތަމަ ފަހަރެވެ.

ދަންނަވަންތޯއެވެ! ތިޔަދިރޭރަހައިގެ ދެދަޅަކީ، އަޅުގަނޑު ކިޔަވަން ސައޫދިއަރަބިޔާގައި އުޅުނުއިރު ގެންގުޅުނު ބްލަޑްޕްރެޝަރުބަލާ އެއްޗެއް ވެއްޓި ބިއްލޫރިބައިތައް ތަޅައިގެން ދިއުމުން އެއިން ނުކުތް ދިރޭރަހައެވެ. ވަރަށް އުދަގުލުން ނަގައިގެން ތިޔަދެދަޅަށް އެޅިގޮތަށް މިއަދާހަމައަށް ވެސް އެހުރިގޮތަށް ތިޔަހުރީއެވެ. މިހާރު ތިޔަހުރީތިބޭފުޅާ އަތުގައެވެ. އަޅުގަނޑު ތިޔަ ދިރޭރަހަތައް އުކާނުލާ ބެހެއްޓީ މަޖާއެއްޗަކަށް ވާތީއެވެ. ތިޔައީވެސް ސައުދި އެރެބިޔާގެ ހަނދާނެކެވެ.

ހޮސްޓަލް ތެރޭގައި ގިނަކުދިންގެ ޕްރެޝަރުބަލާ ހެދިއެއްޗެއްގެ ހަދާނާއި އެދުވަސްވަރުގެ ހޮސްޓަލްލައިފް ހަނދާން ކޮށްދޭނެ އެއްޗެކެވެ. އެގޮތުން ތިޔައީ ވެސް އަޅުގަނޑު ގާތުގައި ވަރަށް އަގުބޮޑު އެއްޗެކެވެ. ސަރުކާރަށް ނަންގަވަންޏާ ބަދަލުދެއްވަން ޖެހޭނެއެވެ. އޭ! ހަލީމެވެ! ދަންނަވަންތޯއެވެ!

ތިޔައީ އެއްގޮތަކަށް ވެސް ބޮންހަދަން ވެގެން ގެންގުޅެއެއްޗެއް ނޫނެވެ. ބޮމެއް ހަދަންވީ ކީއްކުރަން ތޯއެވެ! ދެން ދައްކާލީ އޭކޭ، 47 ކްލަޝިންކޯފް ބަޑިއެއްގެ ދެވަޒަނުގެ ހުސްދޯރިއެވެ. މިއީ ކޯޗެއްހޭ އައްސަވައިފިއެވެ؟ އަޅުގަނޑު ދަންނަވައި ފީމެވެ. ތިޔަދެދޯރިއަކީ، 03 ނޮވެންބަރ 1988 ގެ ހަމަލާގައި ބޭނުންކުރި ވަޒަންތަކުގެ ތެރެއިން ބައެއްތޮށިގަނޑު ތަކެވެ.

ތިޔަތަކެތި ހޯދީ، 3 ނޮވެންބަރުގެ އަނެއްދުވަސް ކަމުގައިވާ ހުކުރު ދުވަހު ވަރަށް ހެދުނާ އަޅުގަނޑު އިސްލާމީ މަރްކަޒުންނެވެ. އެދުވަހު ފަތިހު އިސްލާމީ މަރްކަޒަށް އަޅުގަނޑު ވަނީމެވެ. އެއީ އަޅުގަނޑު ވަޒިފާ އަދާކުރާތަނެވެ.

އޮފީސް ތެރެއާއި ތަންތަން ބަލާޗެކްކޮށް ހެދިއިރު ފެނުނު އެއްޗެއްސެވެ. ތިޔަހުސް ވަޒަންތަކަކީ އެތާތެރެއިންނާއި ބޭރުމަގުމަތިން އެއްކޮށްފައި ހުރިއެއްޗިއްސެވެ. އެކިސައިޒުގެ ވަޒަނުގެ ހުސްދޯރި އަޅުގަނޑު އަތުގައި އެދުވަހުގެ ހަދާނަކަށް ބަހައްޓާފައި ހުންނާނެއެވެ. ތިބޭފުޅާ އަތުގައި ތިއޮތީއެއިން އެންމެ ދެދޯރިއެވެ. ސިފައިންގެ މައިދޭޓަށް ފޮނިވި ތިޔަށްވުރެ މާބޮޑެތި މެޝިންބަޑީގެ ދޯރިވެސް އަޅުގަނޑު ފޮރުވާފައި ހުންނާނެކަމަށް ބުނީމެވެ.

މިވާހަކަ ނިމުމުން ދެންދައްކާލީ، 3 ނޮވެންބަރުގައި ބައިވެރިވި މީހުންގެ ޝަރީޢަތް ހައިކޯޓްގައި ހިނގިއިރު އެމީހުންދައްކާފައި ހުރިވާހަކަތައް އަކުރުން އަކުރަށް އަޅުގަނޑު ލިޔެފައިހުރި ކަރުދާސް ތަކެވެ. މިކަރުދާސްތައް ވެސްހުރީ ގެއިންނަގައިގެން ގެނެސްފައެވެ. މިމަސައްކަތްކުރީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލުކުރައް ވައިފިއެވެ. ހަލީމަށް އަޅުގަނޑު ދަންނަވައިފީމެވެ. އަޅުގަނޑަކީ ޚާއްސަހުއްދައެއް ހޯދައިގެން ގަވާއިދުން އެޝަރީޢަތްތައް އަޑުއަހަން ހައިކޯޓަށް ވަތްމީހެކެވެ.

ހައިކޯޠުގެ ރަސްމީހުއްދަ

އަދި އެޝަރީޢަތްތައް ނިމުމުން، މަރަން ހުކުމްކުރި ކަރޯއައްބާހާއި އެހެން ދިވެހިންގެ ހުކުމްތައް މެރުމުން ބަދަލުކޮށް އުމުރަށް ޖަލަށްލާން ނިންމެވުމަށް އެދި، އަޅުގަނޑުވާނީ ރައީސް މައުމޫނަށް އެއްސިޓީއަށް ވުރެގިނަސިޓީ ލިޔެފައެވެ. އެސިޓީތަކުގެ ކޮޕީމިހާރުވެސް އަޅުގަނޑު އަތުގައި ހުންނާނެއެވެ.

މިޝަރީޢަތް އަޑުއެހުމަށް ވަދެފަ ހަދާގޮތަކީ، ޖީބުގައިއޮންނަ ކުޑަރިކޯޑަރަކުން ރެކޯޑްކުރަނީއެވެ. އެހެނަސް ހަލީމަށް ދެންނެވީ، އެއީ ކޯޓުންލީކްވެގެން ލިބިފައިހުރި ރޯލުތަކަކުން ހެޑްފޯނު އަޅައިގެން އިނދެލިޔެފައި ހުރި ލިޔުން ތަކެކެވެ.

އެދުވަސްވަރު ބޭރުގައިހުރި ތާޅަފިލިން އެތައްބަޔަކު އެއަޑުތައް ރެކޯޑްކޮށްގެން އެޓޭޕްތައް ރަށުތެރޭގައި ގެންގުޅެފައި ވެއެވެ. މިއީ އާންމު އެއްޗެކެވެ. ޚައްސަކޮށް ކަރޯއައްބާސް ދެއްކެވި ވާހަކަތައް އަޅުގަނޑު ހުންނާނީ، ވަރަށްރީތިކޮށް ލިޔެފައެވެ. ފޮތެއް ސިފައިގައި ހަދާފައެވެ.

މިއީ އަޅުގަނޑު ދިވެހި ތާރީޚަށްޓަކައި ކޮށްފައިވާ ވަރަށްބުރަ މަސައްކަތެކެވެ. ތިޔަކަރުދާސްތައް ނައްތާނުލައްވާ އަޅުގަނޑަށް ދެއްވަންޖެހެނެއެވެ. މިވާހަކަ ދެންނެވީމާ އެކަންނިންމަވާނީ، މިނިސްޓްރީ އޮފް ޑިފެންސުން ކަމުގައި ހަލީމް ވިދާޅުވިއެވެ.

ދެންދައްކާލީ ހަވީރަށާއި އެކިނޫސްތަކަށް އަޅުގަނޑު ލިޔެފައިހުރި މަޒްމޫނުތަކެވެ. ބައެއްމަޒްމޫނަކީ، ނޫހުގައި ޖަހައިނުދީގެން ބަހައްޓާފައިހުރި މަޒްމޫނުތަކެވެ. އެފަދަ މަޒްމޫނުގައި އެވާހަކަ ބަޔާން ކުރެވިފައި ފެންނަން ހުންނާނެއެވެ. މިތަކެއްޗަކީ، އަޅުގަނޑު އަތުގައި އިތުރުކޮޕީއެއް ނެތްތަކެއްޗަށްވާތީ އަޅުގަނޑަށް ލިބެންޖެހޭނެ އެއްޗެތިކަމަށް ދެންނެވީމާ ލިބުނީ އެއްޖަވާބެކެވެ.

މިތަކެތި ހުންނާނީ ޑިފެންސްގެ ބެލުމުގެ ދަށުގައި ކަމަށް ހަލީމު ވިދާޅުވިއެވެ. ދެން މިތަކެތީގެ ލިސްޓެއް ހައްދަވާފައި، 17 ނޮވެންބަރ 1990 ވީހޮނިހިރު ދުވަހުގެރޭ ޖަވާހިރުވާދީ ފާސްކުރުމުގެ ތެރޭގައި މިނިސްޓްރީ އޮފް ޑިފެންސަށް ގެނެވިފައިހުރި ތަކެތިކަމަށް ބަޔާނެއްލިޔެ ހަދާފައި އެބަޔާނުގައި އަޅުގަނޑުލައްވާ ސޮއިކުރުވުމަށް ފަހު، ގެންގޮސްލީ އަނެއްކާވެސް ހުރިގޮޅިއަށެވެ.

ހަލީމުފަރާތުން އަޅުގަނޑަށް ވަރަށް ގިނަމައުލޫމާތު ލިބުނެވެ. ސިފައިންގެ ބޮޑުފޯހެއް ޖަވާހިރުވާދީއަށް ވަދެ މާސިންގާ ރޭޑެއް ހިންގިކަން އޭނާގެ ވާހަކަތަކުން އެނގުނެވެ. އަދި ވަރަށްގިނަ މީހުން ބަންދުކޮށްފިކަން އެނގިއްޖެއެވެ.

ގެއިންހޯދަމުން ގެންދިޔައީ ބޮންހެދުމަށް ބޭނުންވާސާމަނު ކަންވެސް އެނގުނެވެ. ކުރިންއޮތީ މާލެތެރޭގައި ބޮމެއްގޮއްވިކަން ޑީބީގެ ފަރާތުން އެނގިފައެވެ. 18 ވަނަދުވަހު ފަތިހު ވަގުތެއްގައި ގިނަބަޔަކު ޖަލުތެރެއިން ފެނުމައި މިކަމާ ގުޅުވާލުމުން ވަރަށްގިނަ އިހްސާސްތަކެއް ކުރެވިއްޖެއެވެ. ޖަވާހިރުވާދީއައި މިކަމާގުޅުވައިގެން އުޅޭކަން ކަށަވަރު ކުރެވުނެވެ.

އަޅުގަނޑު ގެނެސް ކުޑަގޮޅީގައި ގޮދަޑީގައި ރީތިކޮށް ނިންދަވާފައި ބިންބިފޯސް ނެރެގެން މާލެތެރޭގައި އަޅުގަނޑުގެ ކޮއްކޮމެން ރުޅިއަރުވާއި އެމީހުންލައްވާ ތުހުމަތުގެ ކަމެއް އަތުލައިގަނެވޭ އެކިކަހަލަގޯސްތައް ހައްދުވަނީކަން އަޅުގަނޑަށް އިހްސާސް ކުރެވުނެވެ.

ކޮންމެފަހަރަކު ސިޔާސީ މީހުންތައް ހިފައި ހައްޔަރު ކުރުމަށް ޖަހަމުން ގެންދަނީ، މިކަހަލަ މަޅިތަކެވެ. މިފަހަރުވެސް މިއުޅެނީ، އެކަހަލަކަމެއް ރާވައިގެން ކަމަށް ޖަލުގައި އޮވެގެން އަޅުގަނޑު ހިތަށް ވަންނަމުން ދިޔައެވެ. ވާގޮތުންނާއި މިފެންނަ މަންޒަރުތަކުން މިކަން ޔަގީންކުރެވުނެވެ.

މިހާހިސާބަށް ދިޔައިރު ޖަލުތެރޭގެ މާހައުލު ބަދަލުވެއްޖެއެވެ. މާލޭގެ މަސައްކަތު ގްރޫޕަކުން ދޫނިދޫއަށް އައިސް ޖަލުތެރޭގައި އިތުރުގޮޅިތައް ހަދަންފަށައިފިއެވެ. ބަކަރިކޮށި ވަށައިގެން ރޯޓިނުން، 3 ފޫޓު، 6 ފޫޓްގެ ބައިވަރު ގޮޅިތައް ހަދާނިމެން ކައިރިވެފައި ވަނިކޮށް އަޅުގަނޑު ބޭރަށްނެރުނު ދުވަހަކު ފެނިއްޖެއެވެ.

ޖަލުތެރޭގައި ވެސް ސިމެންތިންރާނައި ސިމެންތިޖަހާއި ފުރާޅުކޮންކްރީޓް ކޮށްގެން އިތުރުގޮޅިތަކެއްގެ މަސައްކަތް ކުރާތަން ފެނެއެވެ. މިގޮޅިތައް ހަދަނީ، މިހާރުހުރި ގޮޅިތަކުގެ ފަހަތުގައި ހަމަ އެގޮތަށެވެ. ޖަލުބޮޑުކުރުމުގެ މަސައްކަތް ކުރިޔަށްދާ ވަރަކަށް ޖަލަށް ގެންނަމީހުން ވެސްދަނީ އިތުރުވަމުންނެވެ.

17 ނޮވެންބަރ 1990 ވީހޮނިހިރު ދުވަހުގެރޭ ޖަވާހިރުވާދީއަށް ސިފައިންގެ ބޮޑުޓީމެއްވަދެ ރޭޑްކުރުމަށް ފަހު، ހަމައެރޭ ދަންވަރު ގޭގައިތިބި އަޅުގަނޑުގެ ހުރިހާކޮއްކޮ އިންތައް، (އިބްރާހީމް ރަޝީދު ޙުސައިން، އަހްމަދު ރަޝީދު ޙުސައިން، މުޙައްމަދު ރަޝީދު ޙުސައިން، ޢަލީ ރަޝީދު ޙުސައިން) ބަންދުކުރިކަމުގެ ޚަބަރުޖަލުތެރެއިން ލިބިއްޖެއެވެ. ވާނުވާއެއް މުޅިންސާފެއް ނުވެއެވެ. ކަންބޮޑުވުން މަތީގައި ގޮޅީގައި ދުވަސްތައް ހޭދަކުރަނީއެވެ. އިނގޭހާވެސް ވަރަކީ މާލެތެރެ ސިޔާސީގޮތުން ވަރަށްހަލަބޮލި ވެފައިވާކަމެވެ. ސާކްސަމިޓާ ދިމާކޮށެވެ.

tinu-golhi

[ބަކަރިކޮށި ވަށައިގެންހަދާފައިވާ ޓިނުގޮޅީތަކުގެ ސިފަކުރުމެއް]

އާދެ! އަޅުގަނޑުލާފައި އޮންނަގޮޅިއަކީ، ޖަލުމީހުން ފެންވަރަންނެރޭ އަދި ފާޚާނާކުރަންނެރޭ މަންޒަރުފެންނަ، އަދި ވަޅާއެންމެކާރި ގޮޅިއަށްވާތި، އެތަނަށް ނެރޭގައިދީން އަޅުގަނޑު މަޑުންހުއްޓަސް އަޅުގަނޑަށް އިޝާރާތްކޮށް ފާޑުފާޑުގެ މެސެޖްތައްދީ އެކިއެއްޗެހި ބުނެލާހަދާކަން ބައެއްގާޑުންގެ ފަރާތުން ރިޕޯޓުކުރުމުން، 19 ނޮވެންބަރ 1990 ވީހޯމަ ދުވަހުހަވީރު ސުލޭމާނު ސަރުދާރު ދުރުވެ، 1 ނަންބަރު ގޮޅިންނެރެ، 6 ނަންބަރު ގޮޅިއަށް އަޅުގަނޑު ބަދަލުކޮށްފިއެވެ.

އަދި، 6 ނަންބަރު ގޮޅީގައިއޮތް، އަހްމަދުވަހީދުއަލީ، 13 ނަންބަރު ގޮޅިއަށްލާފައި، 13 ނަންބަރު ގޮޅީގައިއޮތް، ލިޔުންތެރިއެއް ކަމުގައިވާ، އަދި އެނިމަލްފާރމް ދިވެހިބަހަށް ގެނެސްދެއްވި، އަލްފާޟިލް އަހްމަދު ފައްޔާޒްހަސަން، 1 ނަންބަރު ގޮޅިއަށް ބަދަލު ކުރުމުގެ ކަންތައްގަނޑު ހިންގައިފިއެވެ. ދުވަހުންދުވަހަށް ކަންތައްތައް ދަނީބޮޑުވަމުންނެވެ. ޖަލުތެރެ ދަނީ ހަރުކަށި ވަމުންނެވެ. ތަހުގީގުތައް ދަނީ ފުޅާވަމުންނެވެ. ބިރުވެރި މައުހޯލެކެވެ.

20 ނޮވެންބަރ 1990 ވީއަންގާރަ ދުވަހުންފެށިގެން، އަލްފާޟިލް މުހަންމަދުނަޝީދު (އަންނި) ގ.ކެނެރީގެ ވެސް ޖަލުތެރެއިން ފެންނަން ފަށައިފިއެވެ. އަންނި ވެއްދީ، 15 ނަންބަރުގޮޅިއަށެވެ. ލަފާކުރެވޭ ގޮތުގައި އަންނި މިގެނައީ ސާކްސަމިޓް ހަމަނިމުނުތަނާ ހެންނެވެ.

އަޅުގަނޑުގެ ކޮއްކޮ، އަލްފާޟިލް އަހްމަދުރަޝީދު ހުސައިން (ހަންދު) މ.ޖަވާހިރުވާދީ މާލެ އާއި އަލްފާޟިލް އަބްދުﷲ ޖަމާލު މއ.ތިނަދޫގެ މާލެ، އަންނިއާއެކުހެން ޖަލުތެރެއިން އަޅުގަނޑަށް ފެނިއްޖެއެވެ. ހަންދު ފެނުމުން ވަރަށް ކަންބޮޑުވިއެވެ. ހަންދު ބަންދުކޮށްފައިހުރީ، 12 ނަންބަރު ގޮޅީގައެވެ. އަބްދުﷲ ޖަމާލު ބަންދުކޮށްފައިހުރީ، 10 ނަންބަރު ގޮޅީގައެވެ.

ޔޫސޭ ފަނަރަ ވަރަކަށް ދުވަސްކޮށްލާފައި މާލެގެންދިޔަ ޚަބަރުލިބުނެވެ. ޔޭސޭ ވަރަށް އަވަސްއަވަހަށް ގެނެސް އަދި މާލެ ގެންދާކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައެވެ. މީނާލައްވާ މިކުޅުވަނީ ކޮންރޯލެއްކަމެއް ސާފެއްނުވެއެވެ. ސިފައިންގެ ޖާސޫސުންނާއި މީނައާ ގުޅުންތަކެއް ވަނީބާވައޭ ވެސް ހިތަށް އަރައެވެ. ހުކުރު މަޖައްލާގެ އެޑިޓަރު، އަލްފާޟިލް މޫސާވަޖުދީ ލާފައިއޮތީ، 4 ނަންބަރު ގޮޅިއަށެވެ.

ނޯބެ ވެސްމާލެ ގެންގޮސްފައި ފަހުން ގެނައެވެ. އެހެދިގޮތެއް ނޭނގުނެވެ. ޖަލުތެރޭގެ ކާރުބާރު ހަލުވިވެފައި ސަލާމަތީ ކަންތައްތައް ވަރުގަދަވަމުން ދާތަންފެނެއެވެ. ޑިއުޓީއަށް ތިބޭއޮފިސަރުން ވެސް ވަރަށް އަވަސްއަވަހަށް ބަދަލުވާން ފަށައިފިއެވެ. ކޮންމެ ތިންދުވަހަކުން އާޓީމަކަށް ބަދަލުކުރެއެވެ. ވަރަށް ބާރަށް ތަހްގީގު ހިނގާތީފެނެއެވެ.

އަދި ވަރަށް ދަންވަންދެން އެކިމީސްމީހުން ތަހުގީގަށް ނެރޭތަން ފެނެއެވެ. ބައެއްގޮޅިތަކަށް އަނދަގޮޑިވެސް ވައްދައިފިއެވެ. އެންމެންވެސް ތިބެނީ ސީރިޔަސް ކަންމަތީގައެވެ. ވާނުވާއެއް ނޭނގެއެވެ. ޚަބަރެއް ގެނެސްދޭ ގާޑަކުވެސް މިހާރަކުނެތެވެ. ކެއުންވެސް ކުރިޔަށްވުރެ ދަށްވެއްޖެއެވެ. ހަންދުމެންކަހަލަ ބައެއްމީހުން އަނދަގޮނޑި ޖަހައިފިކަން އެނގިއްޖެއެވެ.

ރޭގަނޑު ދަންވަރު، ޗޭނުދަމާހަދާއި ޗޭނުތަޅުވާއަޑު ބައެއްފަހަރު އިވެއެވެ. ވިންޓަރ ޝަރީފް އަނދަގޮނޑިއަށް ލައިފިއެވެ. ބިރުވެރި ދުވަސްކޮޅެކެވެ. އަޅުގަނޑު ހަމަބާއްވާފައި އޮންނަނީއެވެ. ސުވާލެއްކޮށްލުމެއް، އިތުރުކަމެއް އަދިއެއް ނެތެވެ.

ޖަލުގެ އާދަކާދައިގެ މަތިން ދުވަސްގުނާލަ ގުނާލާއޮތީއެވެ. ކުނަލުންނެގި ވަކަކޮޅަކުން ގޮށްޖަހައިގެން ދުވަސް ގުނަމުން ގެންދަމެވެ. ގާޑުންނަށް ނުފެންނަ ވަގުތުގައި ތަސްބީޙައެއްހެން އެއާކުޅެމެވެ. ކޮންމެދުވަކު ހެނދުނު ހޭލައިގެން އެއަށް، ގޮށެއް އިތުރުކުރަމެވެ. ގިނަވަގުތުއެއާ ކުޅުމުގައި ހޭދަކުރަމެވެ. އަޅުގަނޑުގެ ކަލަންޑަރަކީ އެވަކަކޮޅެވެ. ފާހަގަކުރަންޖެހޭ ދުވަސްތައް ފާހަގަކުރަނީ ކަޅުރޮދިކޮޅެއް ވަކަފަތީގެ ދެގޮށްދޭތެރޭގައި ބަނދެލައި ގެންނެވެ.

ޖަލުގައި ދުވަސްގުނި ވަކަފަތި މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ. އޭގެފޮޓޯއެއް ފޭސްބުކްގައި އޮންނަ އަޅުގަނޑުގެ އެކައުންޓްގައި މަތިކުރެވިފައި ވާނެއެވެ. ބައްލަވާ ލައްވާށެވެ. ހަންދުމެން ކަހަލަ ބައެއްމީހުން އަނދަގޮނޑި ހަޖާކަން އެނގެއެވެ. ރޭގަނޑު ޗޭނުދަމާ ހަދާއަޑު ބައެއްފަހަރު އިވެއެވެ. ބިރުވެރި ދުވަސްކޮޅެކެވެ.

ވަކަފަތި

ވަކަފަތި

20 ޑިސެންބަރ 1990 ވީބުރާސްފަތި ދުވަހު މެންދުރު ކުރީވަގުތެއްގައި އަޅުގަނޑު ގޮޅިންނެރެގެން ގެންގޮސް އަޅުގަނޑާ ބައްދަލުކުރީ، ވ.ޅަހުއްތުއެވެ. ބުނުއްވީ، އިލްޔާސް މިގެނައީ މަންތިރި މައްސަލަ ނިންމާލާށެވެ. އިލްޔާސް ބަޔާނެއް ދެއްވަންވީ، މަންތިރި މަޖައްލާގެ މިވެނި ސޮފްހާއެއްގައި ލިޔެފައިފާ މަޒްމޫނަކީ، އިލްޔާސް ލިޔެފައިވާ އަމިއްލަ ފާޑުކިޔުމެއް ކަމަށެވެ. އޭރުން ނިމުނީއެވެ.

ދެން މިގޮތަށް ވ.ޅަހުއްތު ބަޔާނެއް ތައްޔާރުކުރުމުން، އަޅުގަނޑު ސޮއިކޮށްލާނަމޭ ދެންނެވީމާ، ވަރަށް އަވަހަށް، 3 ކޮޕީއާއެކު ލިޔެގެން ގެނައިމާ ސޮއިކޮށް އިގިލީގެ ނިޝާން ޖަހަންޖެހޭ ތަންތަނުގައި އިނގިލީގެ ނިޝާން ދިނުމުން އެކަންތައް ނިމިއްޖެއެވެ. މިބައި މިހާ ހިސާބުންނިމުނީ ކަމަށް ވިދާޅުވެ، ވ.ޅަހުއްތު ދުރުވުމުން، އަޅުގަނޑު ފޮނުވާލީ ހުރިގޮޅިއަށެވެ.

މެންދުރުކައިގެން ގޮޅީގައިއޮއްވާ ހަވީރު، 4 ސަޕްލައި ގެބޯޓުން މާލެ ގެންދިއުމަށްބަލާ އަތުވެއްޖެއެވެ. ތަކެއްޗާއެކު ގޮޅިން ނެރުނީ، 3:30 އެހާކަންހާއިރުއެވެ. ދެން އަތުގައިހުރި އެތިކޮޅު ހިފައިގެން ނުކުތީމާ ގެންގޮސް އިރުކޮޅަކު ގޮޑިއެއްގައި ބައިންދާފައި ހަވީރުއޮންނަބޯޓުން ގެނައީމާލެ އަށެވެ. ގެންގޮސްވެއްދީ ސިފައިންގެއަށެވެ.

ސިފައިންގޭގައި އެރޭދަންވަންދެން ބައިންދާފައި ދަންވަރު، 1:30 އެހާކަންހާއިރު ގެއަށްގެނެސް ގޭގައި ބަންދުކުރީއެވެ. ކަންތައް ކުރަމުން މިގެންދާގޮތުން، ސަލާމަތެއް ނެތްކަން ސާފުވެއެވެ. އަނބުރާ ޖަލަށް ގެންނާނެކަން އެނގެއެވެ.

ދެން، މަންމައާއި ދައްތައާއި ދައްތަ ފިރިމީހާ ޑޮކްޓަރ ވަހީދައި ބައްދަލުވުމުން އެނގުނީ، މުޅިގެ މިއޮއްތީއެއްކޮށް ފަޅުވެފައިކަމެވެ. ނާމާން ވެފައެވެ. އެންމެންވީ ދޫނިދޫޖަލުގައި އެކިގޮޅިތަކުގައި ބަންދުކޮށް ފައި ކަމެވެ. މިތިންމީހުންނާއި މާމައާއި އަންހެން ދެކޮއްކޮފިޔަވާ އެހެންހުރިހާ ކޮއްކޮއިންވަނީ، ސިފައިންގެ، 32 ބޭކަލުން ރޭގަނޑެއްގެ ދަންވަރު ކަޅުއަނދިރީގައި ގެއަށް ވަޑައިގެން މުޅިގެއެކުގައި ރޭޑްކޮށް ހެދުމަށްފަހު ޖަލަށް ގެންގޮސްފައެވެ. މިރޭޑްގައި އިސްކޮށް ހުންނެވީ، ސިފައިންގެ އޮފިސަރެއް ކަމުގައިވާ، އަލްފާޟިލް އިބްރާހީމް ދީދީއެވެ.

ދޫނިދޫޖަލުން ކޮއްކޮއިންގެ ތެރެއިން އަޅުގަނޑަށް ފެނިފައިވަނީ ހަންދު އެކަންޏެވެ. އެހެނަސް ނޮވެންބަރ، 17 ވަނަދުވަހުގެރޭ ޖަވާހިރުވާދީއަށް ދެވުނު ވަޙުޝީރޭޑްގައި ހަންދުއާއެކު، އަޅުގަނޑުގެ އެއްބަޑުއެއްބަފާ ކޮއްކޮއިން ކަމުގައިވާ، އަލްފާޟިލް އިބްރާހީމް ރަޝީދު ހުސައިނާއި އަލްފާޟިލް އަލީރަޝީދު ހުސައިނާއި އަލްފާޟިލް މުހަންމަދު ރަޝީދު ހުސައިނާއި ޖަވާހިރުވާދީގައި ހުންނަ، އަލްފާޟިލް އަބްދުﷲ ހުސައިން ގއ.ދާންދޫ އައި މިއެންމެން ވަނީ ދޫނިދޫ ޖަލަށް ގެންގޮސްފައެވެ.

އަޅުގަނޑުގެ ކޮއްކޮއެއް ކަމުގައިވާ، އަލްފާޟިލް އިސްމާޢީލް ރަޝީދުހުސައިން ވަނީ، މިކަންތައްގަޑުގެ ހިލަމެއްވެގެން ސިފައިން ޖަވާހިރުވާދީއަށް ވަނުމުގެ ކުރީތާރީޚެއްގައި ރާއްޖެއިން ފުރާފައެވެ. އޭނާއަކީ އެމެރިކާއިން ފްލައިޓް އިންޖިނިއަރިން ހަދައިގެން އައިސް ސިވިލް އޭވިއޭޝަންގެ ވަޒީފާގައިހުރި މީހެކެވެ. އޭރުއޮތީ އެމެރިކާއަށް ކޯހަކަށް ފުރަންވެސް ވެފައެވެ.

އެހެންވެ އޭނާވަނީ، އެމެރިކާއަށް ފުރާފައެވެ. ބަންދުކުރެވޭ ގޮތެއްނުވިއެވެ. މަންމަމެންވެސް ނިންމީ، އަޅުގަނޑުގެ ސަލާމަތެއް ކުރިޔަށް ފެންނާކަށް ނެތްކަމަށެވެ. އަންނި، ސައްޕެ، ހަންދުފަދަ އެންމެން ޖަލުގައި ތިބީމައެވެ. ގެންދާނެކަން އެނގިހުރެ އަޅުގަނޑު ގޭގައިހުރީއެވެ.

އާދެ! މިއެންމެން ބަންދުކުރެވުނީ، އަޅުގަނޑު ކެސެޓްރޯލްގެ މައްސަލާގައި ބަންދުކުރުމުން މާލެތެރޭގައި ހަރަކާތްތެރި ވަމުންގެންދިޔަ ބިންބިފޯހުގެ އުނދަގޫތައް ބޮޑުވެގެން ބިންބިފޯހާ ދެކޮޅަށް ކޮއްކޮމެންރޭވި ކަންތަކުގެ ތެރޭގައި ހެދިކަޓޫރަބޮމެއް ސަލްޓަން ޕާކްތެރޭގައި ގޮއްވާލުމުން މިކަންތައްގަޑުގެ ތަހުގީގު ކުރުމަށެވެ. ބިންބިފޯހުގައި ހަރަކާތްތެރި ވަމުންގެންދިޔަ މީހުންނަކީ، ބިންބިތައުފީގާއި ބައްޓޭއަކާއި ކޮންޑޭއަކާއި ވާދޫޑީޑީއަކާ، މިފަދަބައެކެވެ.

މިމީހުންގެ ކޮމާންޑް އިންޗީފަކަށް ހުންނަވަނީ ސިފައިންގެ މަތީފެންވަރުގެ އޮފިސަރެއް ކަމުގައިވާ ކާށިދޫ ހުސައިން އިބްރާހީމް ފުޅެކެވެ. ބިންބިފޯހުން ޖަވާހިރުވާދީ ދޮށަށްއެއްވެ، ހަޅޭލަވާއި ކުނިބިސް ޖަވާހިރުވާދީއަށް އުކާއި ޑޮކްޓަރ މުހަންމަދު ވަހީދުހަސަން މަނިކު ފަދަ ބައެއް ސިޔާސީ ބޭފުޅުންނަށް މަރުގެ އިންޒާރުދީ ސިޓީތައް ފޮނުވާހެދިއެވެ.

އަދި، ކޮބާހޭ ބަންދުގައި އެހެރީކާކުހޭ ކިޔާއަޅުގަނޑަށް ރަށްދުކޮށް މަލާމަތްކޮށް ހަދާތީ، ކޮއްކޮމެން މިކުރިކަމެއްކުރީ ބިންބިފޯހާ ދެކޮޅަށެވެ. ބޭރުދުނިޔެއަށް ރާއްޖޭގެ ހަމަނުޖެހުމާއި ލާއިންސާނީކަން ހާމަކޮށް ދައްކާލުމަށެވެ. އިސްލާހީ ހަރަކާތެއް ރާއްޖޭގައި އެބައޮތްކަން ހާމަކޮށް ދައްކާލުމަށެވެ. ބައިނަލް އަގްވާމީ މުޖްތަމަޢުގެ ސަމާލުކަން ހޯދުމަށެވެ. އެހެން އެއްވެސް މަގްސަދެއް ނެތިއެވެ.

އެހެނަސް މިކަޓޫރަބޮން ބިންބިފޯހަށް ގެންލުން ދިނުމަށް، ނުވަތަ ކޮނޑޭތުއްތު މަނިކުގެކާރަށް ގެއްލުން ދިނުމަށް ބޭނުންކޮށްފިއްޔާ މީހަކަށް ނުވަތަ މީހެއްގެ މުދަލަށް ގެންލުމެއް ވެދާނެތީ، ކޮއްކޮމެން ކުރިކަމަކީ ސަލްޓަންޕާކްގައި މީހަކަށް ތާކަށް ގެއްލުން ނުވާގޮތަށް އެކަޓޫރަބޮން ގޮއްވާލީއެވެ.

މިކަޓޫރަބޮމަކީ، އެތައް ދުވަހެއްގެ މަސައްކަތުން، 3000 އަލިފާންދަޑިން ބަޑިބޭސް ކަހައިގެން އެއްކުރި ބަޑިބޭހުން، ބާރުއަޑަކާއެކު ގޮވާފައި އަރައިގެނދާ އަލިފާންކަނިތައް ހުލިވެގެން ދާގޮތަށް ކަޓޫރަގަނޑަކަށް އެބޭސްތައް އަޅައިގެން އެނބުރޭ ފަންކާއެއްގެ ޓައިމަރެއް ގުޅައިގެން ތައްޔާރުކުރި އެއްޗެކެވެ.

މިކަޓޫރަބޮން ސަލްޓްންޕާކްގައި ގޮއްވާލީ އެއްވެސް މީހަކަށް، އަދި އެއްވެސް ތަނަކަށް ގެއްލުންނުވާ ގޮތަށެވެ. ގޭގައިތިބި މަދު މީހުންކޮޅާއެކު އިރުގަނޑެއް ވަންދެން ވާހަކަދައްކަން ހޭލައި ތިބެފައި ނިދީއެވެ.

21 ޑިސެންބަރ 1990 ވީހުކުރު ދުވަހު އެންމެ ފުރަތަމަވެސް އަޅުގަނޑާ ދިމާވީ، ޖަވާހިރުވާދީގައި އޭރުހުންނަ ގަރާޖު ހިންގުމަށް އިސްވެ އުޅުއްވާ އަޅުގަނޑާ ދެބެންގެދެދަރި، އަލްފާޟިލް ޚޫރުޝީދު އިސްމާޢީލް (ހޫއްޓޭ) އާއެވެ. ބޯދިގުވެފައި ހުރުމުން ހޫއްޓޭ ލައްވާ ބޯކޮށުވައިގެން މިބުރުގެ ޖަލުގެހާދާނީ ފޮޓޯއެއް ނެގީމެވެ. މިއީ މަންތިރި މައްސަލައިގެ ބަންދުން ގެއަށްއާދެވުމުން ނެގިހަނދާނީ ފޮޓޯއެވެ.

މިފޮޓޯ އަޅުގަނޑުގެ ވެބްސައިޓުގައި ފެންނަން ހުންނާނެއެވެ. އަދި ފޭސްބުކްގައި މަތިކޮށްފައިވާ އަޅުގަނޑުގެ އެކައުންޓްގެ ފޮޓޯއަލްބަމްގައި ފެންނަން ހުންނާނެއެވެ. ބައްލަވާލައްވާށެވެ! މުޅި ގޭތެރެއޮންނަނީ ވަރަށް ނާމާންކޮށް ހަމަހިމޭންކޮށެވެ. އެންމެން ޖަލުގައި ބަންދުވެފައި ވާތީއެވެ. މަންމަގެ މަސައްކަތަކީ، ގުރުއާން ކިޔެވުމާއި ﷲ އަށް ދުޢާދެންނެވުމެވެ.

ގެއަށް ގެނައުމުން ބޯކޮށާލާފައި

ގެއަށް ގެނައުމުން ބޯކޮށާލާފައި

22 ޑިސެންބަރ 1990 ވީހޮނިހިރު ދުވަހަކީ، މަންތިރި މައްސަލައިގާ ބަންދުކުރިތާ ބަރާބަރު، 45 ދުވަސް ހަމަވާދުވަހެވެ. އެރޭބާރައަށް ދުވަސްނިމެން ކާރިވީއިރުވެސް ދޫކޮށްލަން ނުގެންގޮސްގެން ކަންބޮޑުވެފައި ހުއްޓާ ބަލާއައީ ރޭގަނޑު، 11:30 ގައެވެ. ބަލާއައިސްއޮތީ، ސިފައިންގެ ޖީޕެވެ. ބަލާއައިސް ހުންނެވީ ޅަބެއެވެ. މިމަންޒަރު ފެނިފައި ކަންބޮޑުވިއެވެ. ބޮލުގައި ރިއްސާލިއެވެ. ދޫކޮށްލަން އާންމުކޮށް ގެންގޮސްއުޅެނީ މިގޮތަކަށް ނޫނޭހިތަށް އެރިއެވެ.

ދެން މަންމައާއި ގޭގައިތިބި މީހުންނާ ސަލާންގަލަންކޮށް މަންމަކައިރީގައި ދެރަނުވުމަށް ނަޞޭޙަތްތެރިވެ ކެތްތެރިވުމަށް ވަސިއްޔަތްކޮށް މަރާލައިފި ނަމަ ހަދަންވާގޮތް ބުނެދީ ހަދާފައި ދެންއަވަހަށް އާދެވޭނެހެނެއް ހިޔެއްނުވޭ ބުނެފައި ޅަބޭއާއެކު ސިފައިންގެއަށް ބަހުގައި ނައްޓާލީއެވެ. މާދަންވަރު ގަޑިއެއްގައި ގެންދާތީއާއި ފަސްމަންޒަރު ހުރިގޮތުން ދިޔައީ ޚަތިމާއި ބުރުހާ ބޭސްފުޅިއާއި ތުވާލި ހިފައިގެންނެވެ.

ޖަލުގައި ކިޔެވި ޚަތިމު

ޖަލުގައި ކިޔެވި ޚަތިމު

ގެންގޮސްބޭންދީ ސިފައިންގެ އެތެރޭގައިހުރި ގޮނޑިއެއްގައެވެ. ދެން ގުރުއާން ކިޔަވާލަކިޔަވާލާ އިނީއެވެ. ދަންވަރު، 1:00 ޖެހިފަހުން އޮފިސަރަކު އައިސް ގެންގޮސްއެރުވީ ކުޑަވަރެއްގެ ވޭލަރަކަށެވެ. މިސްރާބުހުރީ ދޫނިދޫޖަލަށެވެ. އަޅުގަނޑު ދެވަނަފަހަރަށް ޖަލަށްލުން މިހާހިސާބުން ނިމުނީ، އަނެއްކާވެސް ޖަލަށް ލުމަކުންނެވެ. ދެންއޮތީ ތިންވަނަ ފަހަރަށް ޖަލަށްލުމުގެ ވާހަކަތައް ލިޔަންފެށުމެވެ. މިބަޔަށްފަހު، އެބައި ވިދާޅުވެލެއްވުން މުހިންމެވެ.

Leave a Reply

Your email address will not be published. Required fields are marked *