ދުލުގެ މިނިވަންކަން!

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ޖޫން ގައި)

ދަންނާށެވެ! ދުލަކީ، ﷲ ގެ ކުޅަދުންވަންތަ ކަމުގެ އަލާމާތެކެވެ. ވަރުގަދަ ހެއްކެކެވެ. ދުލަކީ، ﷲ ދެއްވި އެންމެމާތް އަދި އެންމެ މަތިވެރި ގުނަވަނެވެ. ދުލަކީ، ވަރަށް ޝަރަފުވެރި އަމިއްލަ ޒާތުގައި މުސްތަގިއްލު އެއްޗެކެވެ. ހަށިގަނޑުގައި އެކުލެވޭ، އެންމެ ވަރުގަދަ މާއްދާއިން އުފެދިފައިވާ ވަރުގަދަ ދަތްތަކުން ވަށާލެވިފައިވާ، ހަކަތަ ފާރެއްގެ ތެރޭގައި ޙިމާޔަތް ކުރެވި، ތެތްކަން ލިބިދޭ އަރާމުދާނެއްގައި އޮންނައިރު، ދުލުގެ އެންމެފުރިހަމަ ގޮތުގައި، އޭގެވަޒީފާ އަދާކުރަމުން ގެންދެއެވެ. އެއްގޮތަކަށް ވެސް އެވަޒީފާއިން، ފަސްޖެހި ފައެއް ނުވެއެވެ. ކަށްޓެއްނެތި، ހުސް މަސްކޮޅަކުން އުފެދިފައިވާ މަޑުއިރު އެހާމެމަޑެވެ. ހަރުއިރު ކަށްޓާއި މައުދަނަށް ވުރެ، ހަކަތަކަން ގަދައެވެ. އެހާމެ ވަރުގަދައެވެ. ދަތްޕިލައާއި ހަށިގަނޑު ނުބައި ނުލަފާ، ޖަރާސީމުތަކުން ދިފާޢުކޮށް ދިނުމަށް އަބަދުވެސް ފިދާވެއެވެ. ވަރުގަދަޔަށް ހަމަލާދީ މަސައްކަތް ކުރެއެވެ. ހަށިގަނޑަށް ބޭނުންވާ ހުރިހާ ރަހަތަކެއް މޮޅަށް ދަނެގަނެއެވެ. ބޭނުންނުވާ އެއްޗެއް އަވަހަށް ފެއަށް ލައްސާލައެވެ. ހަށިގަނޑަށް ބޭނުންވާހާ ހުރިހާ އަޑެއް، އެންމެފުރިހަމަ ގޮތުގައި ނެރެދެއެވެ. އެހެންމީހުންނާ ގުޅުވައިދީ، މުއާމަލާތު ކުރުވައެވެ. ހަށިގަނޑަށް ބޭނުންވާއެއްޗެއް ހަފާޗިސްކުރުމަށާއި ދިރުވާލުމަށް ނުހަނު އޯގާތެރި ކަމާއެކު، އެހީތެރިވެ ދެއެވެ. މަޑުންއޮންނަ ތަނެއް ނުފެނެއެވެ. ޒިންމާދާރުކޮށް، ވަޒީފާ އަދާކުރުމުގައި ދެވަނަ އެހެން އެއްވެސް މިސާލެއް ނެތެވެ. ވަރަށް ފުރިހަމަ ނަމޫނާ އެކެވެ. ކުޅަދާނަ ކަމާއި ހުޝިޔާރު ކަމުގެ އިންތިހާއެވެ. މިނިވަން ކަމާއެކު، މަސްއޫލިއްޔަތާއި ޒިންމާ އުފުލައެވެ. އެހެންވުމުން އިންސާނާގެ އެންމެ ޒިންމާދާރު އަދި އެންމެ މުހިންމު ގުނަވަނަކީ، ޝައްކެތްނެތް ގޮތުގައި މަޑުމަސް ކޮޅަކުން، ﷲ އުފައްދަވާފައިވާ ދުލެވެ. ދުލަކީ، އިބްރަތުން ފުރިފައިވާ އެއްޗެކެވެ. މިނިވަން ކަމާއެކު، އެގެންނަ ހަރަކާތްތަކަކީ، އަޖައިބެއްހާ ކުޅަދާނަ، އިބްރަތުން ފުރިގެންވާ ހަރަކާތް ތަކެކެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުގެ ލާމަސީލު ދަލީލެކެވެ. ދުލުގެ މިނިވަންކަމާއި ހަރަކާތްތަކާ މެދު މީހަކު ވިސްނާލައިފި ހިނދެގެއްގައި މިހުރިހާކަމެއްގެ ކުޅަދުންވަންތަ ވެރިފަރާތަކީ، ﷲ ކަން ހަދާނަށް ގެނެވޭނެކަން ކަށަވަރެވެ. ވިސްނުމާއި ފިކުރުކޮށް ފިނަމަ، ދޫ އަދާކުރަމުން ގެންދާ ޒިންމާއާއި މަސްއޫލިއްޔަތާ މެދު، އަޖައިބުވެ އަންތަރީސް ވާނެއެވެ. ފަހެ، ﷲ ގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމާއެވެ! ދުލަށް ލިބިފައިވާ މިނިވަންކަމުގެ ދަލީލާއި ހެއްކަކީ، ޙިމާޔަތްކުރުމަށް ވަށައިގެން ލެވިފައިވާ ވަރުގަދަ ހަކަތައިގެ ދަތްތަކުގެ ފުޅަފަށް ކުޑަނަމަވެސް ގޮތެއް ވެއްޖެނަމަ، އެއްގޮތަކަށް ވެސް މަޑަކުން ނޯވެއެވެ. ހަށިގަނޑަށް ނުރައްކަލެއް އެތެރެވާން އުޅޭއިރަށް ފުރިހަމަ ސިގްނަން ދެއެވެ. ދަތްތަކުގެ ދޭތެރެއަށް ކުޑަކުޑަ އެތިކޮޅެއް ވަދެ ތާށިވިޔަސް ބޭއިޚްތިޔާރުގައި ދުލުގެ މިނިވަންކަމާއެކު، އެއެއްޗެއް ނެރެއެއްލައި ލުމަށް މަސައްކަތް ފަށައިގަނެއެވެ. ކުރަންފެށާ މަސައްކަތް ކާމިޔާބު ނުވާހާ ހިނދަކު، އެކަމުގެ ޒިންމާ ފުރިހަމައަށް އަދާކުރެއެވެ. އެންމެހާމޮޅަށް، އެންމެ ފުރިހަމަކޮށް ވާޖިބު އަދާކުރެއެވެ. މިއީ ދުލަށް، ﷲ ދެއްވާފައިވާ މިނިވަންކަމުގެ ބާރެވެ. ދުލުގެ ވަޒީފާގެ ވާޖިބުތައް، މިނިވަންކަމުގެ މައްޗަށް ބިނާވެފައި އޮތުމުން ދޭހަވާއެއް ޗަކީ، ދުލުންބޭރުކުރާ ބަސްތަކަކީ، ތެދުހަގީގަތަކަށް ވުމެވެ. އެއްވެސް އެއްޗެއް އޮޅުވާލައި ވާވައްދާނުލުމެވެ. އޮޅިގެންވެސް ދޮގެއް ނުހެދުމެވެ. ތިމާގެ ހަށިގަނޑަށާއި ތިމާކަހަލަ އެހެން ހަށިގަނޑަކަށް ގޯނާއެއްކޮށް، އަނިޔާއެއް ނުދިނުމެވެ.

އާދެ! ދުލުގެހަގީގީ މިނިވަންކަން ބިނާވެފައިއޮތީ، މިނިވަންކަމާއެކު ތެދުހަގީގަތް ހާމަކުރުމުގެ މައްޗަށެވެ. ހަށިގަނޑު ހިމާޔަތްކޮށް، ސަލާމަތް ކުރާހެން މުޅިދުނިޔެ ހިމާޔަތް ކޮށްދިނުމެވެ. އަންނަންއޮތް ޖީލުތަކަށް ސަލާމަތްކަން ހޯދައި ދިނުމެވެ. ހުރިހާފަރާތް ތަކަކަށް، ތެދުހަގީގަތް ފޯރުކޮށް ދިނުމުވެ. ފަހެ، ހަގީގަތް ނޫންއެއްޗެއް ދުލުންބޭރު ނުކުރުމެވެ. ތެދުހަގީގަތް މުޅިދުނިޔޭގައި ފަތުރާއި ހައްގަށް ނަސްރު ދިނުމެވެ. ފަހެ، ﷲ ދުލަށް، ދެއްވާފައިވާ ބާރާއި ހަރަކާތްތަކުގެ މިނިވަންކަން ބިނާވެފައިއޮތީ، މިއަސާސްތަކުގެ މައްޗަށެވެ. ވީމާ އިންސާނާއަށް އޮތްއެންމެ ބޮޑުވެގެންވާ ވާޖިބަކީ، މިމަތިވެރި މިނިވަން ގުނަވަން ރައްކާތެރި ކުރުމުގައި ފުރިހަމައަށް ރައްކާތެރި ވުމެވެ. ދުނިޔޭގެ ކާމިޔާބު ހޯދުމާއި އާޚިރަތްދުވަސް ބާއްޖަވެރި ކުރުންވެސް އޮތީ، މިމަތިވެރި މިނިވަން ގުނަވަނުގެ މައްޗަށްބިނާ ވެފައެވެ. އިންސާނާއަށް ދެއްވާފައިވާ އިޚްތިޔާރު، ފުރިހަމަގޮތުގައި ކާމިޔާބު ކުރެވެން އޮތީވެސް މިމަތިވެރި މިނިވަން ގުނަވަނުގެ މަސްއޫލިއްޔަތާއި ޒިންމާފުރިހަމަ ގޮތުގައި އަދާކޮށްގެންކަން ކަށަވަރެވެ. ދެދުނިޔޭގެ ހުރިހާ ކާމިޔާބެއް އޮތީވެސް، މިދެންނެވި މަތިވެރިމާތް ގުނަވަނަށް ރައްކާތެރި ކުރެވުނު މިންވަރެއްގެ މައްޗަށެވެ. ފަހެ، މިއީ ކޮންމެމީހަކު ވެސް ވިސްނަންޖެހޭ، ވަރަށް މުހިންމު ނުކުތާއެއްކަން ހަދާންކޮށްދެމެވެ. ހަމަކަށަވަރުން ހަދާންކޮށް ދިނުމަކީ، މުސްލިމުންނަށް ފައިދާކުރާނެ ކަމެއްކަން ކަށަވަރެވެ.

އާދެ! ދުލުގެ މިނިވަންކަމަކީ، ހިތަށްއެރިހާ ގޮތަކަށް ތިމާގެ ބަސްތަކާއި އަމަލުތައް ބެހެއްޓުމެއް ނޫނެވެ. ހަވާނަފްސަށް ހަށިގަނޑު ދީލައިލުމެއް ނޫނެވެ. ވައިރޯޅި އެއްހެން ދުވާލަކުގޮތަކަށް އެނބުރި އެނބުރި ހުރުމެއް ނޫނެވެ. ސިކުޑިއަށް ގަބޫލުކުރެވޭ ހަރުދަނާ ގޮތެއްގެ މަތީގައި ގައިމުވެ ދެމިހުރުމެވެ. އެކިދުވަހު އެކިގޮތަށް ވިސްނުމާއި ޚިޔާލުތައް ގަސްދުގައި ވަކިދިމާއަކަށް އަނބުރާލާއި ގައިދުކުރުމަކީ، ދުލުގެ މިނިވަންކަން އޭގެހައްގުނޫން ގޮތުގައި ބޭނުން ކުރުމެވެ. ހަރުދަނާ މީހެއްގެ ވިސްނުމާއި ޚިޔާލުތައް ހުންނަންވާނީ، އެމީހަކަށް ލިބިފައިހުރި، ތައުލީމަކާއި ގާބިލުކަމެއްގެ މައްޗަށެވެ. މިނޫންގޮތަކަށް ދުލުގެ މިނިވަންކަމުގެ ބޭނުންހިފާނަމަ، ދެއްކުންތެރި ކަމާއި އަމިއްލަ އެދުމުގެ ބޭނުމުގައި ކުރެވޭކަމަކަށް ބަދަލުވެގެން ދާނެއެވެ. ﷲ ގެ ރަހްމަތާއި ރުއްސެވުމުން މަހްރޫމް ވެގެންދާނެއެވެ. ﷲ ގެ ފުރައްސާރައާއި އަޒާބަށް ހުށަހެޅިގެން ދާނެއެވެ.

ފަހެ، ދަންނާށެވެ! ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ގައުމީ މަސައްކަތުގައި ވެސް ކަންތައް ހުންނަންވާނީ،  ހަމަމިގޮތަށެވެ. މިބީދައިން ވަރަށް ސާފުކޮށެވެ. އަޑިއެނގޭ ގޮތަށެވެ. ފަލްސަފާވެރި ތައުލީމީޒުވާން ބޭފުޅުންގެ ޚިޔާލާއި ފިކުރު، އެނބުރޭ ވަހުތާނެއް ހެން، އެކިދުވަހު އެކިގޮތަށް އެއްކަމެއްގައި ހުންނަތަން ފެންނަންފަށައި ފިއެވެ. ގަނޑުވަރުން ލިބޭ އިރުޝާދު ތަކާއި އެއްގޮތަށް ދުލުގެ މިނިވަންކަން ވިއްކާލައްވަނީ އެވެ. ޝަރަފުވެރި އިންސާނާ އަޅުވެތިކޮށް ލަނީއެވެ. މިމަތިވެރި މާތް ގުނަވަނުގެ ވަޒީފާ، ބަރުބާދުކޮށް ލަނީއެވެ. ރައްޔިތުންގެ ކުރިމަތީގައި ދުލުގެ މިނިވަންކަން ނަގާލަނީއެވެ. ތިމާގެ މުގައްދަސް ހަށިގަނޑުގެ، އިތުބާރު ގެއްލުވާލަނީއެވެ. ރައީސް މައުމޫނުގެ ވަސްވާހުގައި ޖެހި، ހައްގުނޫން ގޮތުގައި ހުރުމަތްތެރި ކުރެވިގެންވާ، ދޫ ބަރުބާދުކޮށް ލަނީއެވެ. ހަމައެކަނި މާއްދިއްޔަތަށް ހެއްލެނީއެވެ. ރޫހާނިއްޔަތު ނަގާލަނީއެވެ.

ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް، ކަމުގައިވާ “ބޮޑުމަޖިލީހުގެ” 83 ވަނަ ޖަލްސާގައި ބަހުސް ކުރަން ފެށުނު، ދިވެހި ދައުލަތުގެ ވެރިކަން ހިންގާނެ ނިޒާމެއް ކަނޑައެޅުމުގެ ބަހުސް ވެގެންދިޔައީ، މީގެ ފުރިހަމަ މިސާލެއް ދައްކުވައިދިން ކަމަކަށެވެ. އެންމެފަހުން ގޮތެއް ނިންމުނީ، އެގާރަ ޖަލްސާއަށް ފަހު، 93 ވަނަ ޖަލްސާގައެވެ. ފަހެ މިޖަލްސާއަކީ، ބޮޑު މަޖިލިސް ދުވަސްގަނޑަކަށް ދަންމާލުމަށް ރޭވުނު ބޮޑުރޭވުން، މަޖިލީހުގެ ރަޔާސަތުން ކާމިޔާބުކުރެއްވި ދުވަހެވެ. ގިނަގުނަ ހިކްމަތްތަކެއް މިކަންކުރުމަށް ރިޔާސަތުން، ބޭނުންކުރަން ޖެހުނެވެ. 93 ވަނަ ޖަލްސާއަކީ، މަޖިލީހުގެ ރައީސް އޮނަރަބްލް އައްބާސް އިބްރާހީމްގެ ނުބައި ރޭވުންގަނޑު ހަގީގަތަކަށް ގެނެސް ކާމިޔާބުކުރެއްވި ދުވަހެވެ. މިކާމިޔާބު ހޯދީ، އެޖަލްސާގެ ރަސްމީ ވަގުތަށް ވުރެއިތުރަށް ބަރާބަރު، އެއްގަޑިއިރަށް ޖަލްސާ ދިގުދަންމާލައި މަސައްކަތްތަކެއް ކޮށްގެންނެވެ. އިދާރީ ކޮމެޓީގެ ބޮލުގައި އެބަދުނާމު އެޅުވުމަށް ފަހުއެވެ. ރައީސް މައުމޫނަށް ސާބަހުން ސާބަސްފުޅެވެ. ނިއު މޯލްޑިވްސް އާއި ދެންހުރި ސިޔާސީ ބަނޑަހަތައް ބައިވެރިކޮށް އެއްބަޔަކު އަނެއްބަޔަކާ ރަމގަޅަށް ޖައްސުވައި ފަސޭހަކަމާއެކު، ވެރިކަމުގައި ބަގުޑިބެއްދުމަށް ޓަކައި ދުވަސްތައް އިތުރު ކުރައްވާލެއް ހިކްމަތްތެރި ވެފާއިރީތި ކަމުންނެވެ. މިމަސައްކަތް ދިގުދެމިގެން މިދަނީ، ހަމައެންމެ ބޭނުންފުޅުވާ ގޮތަށެވެ. އައްބާހާއި ގާސިމު ލައްވައި ސިޔާސީ ކުޅިތައް ކުޅުއްވޭލެއް ރީތީއެވެ.

އާދެ! ބޮޑު މަޖިލީހުގެ 85 ވަނަ ޖަލްސާގައި ހިނގަމުންދިޔަ، މިވަރުގަދަ ބަހުސް، މެދުކަނޑާ ލުމަށްފަހު، އިތުރު 15 ދުވަހުގެ މުއްދަތަށް ދިގުދަންމާލުމަށް ކ.އަތޮޅު މެންބަރު އަލްފާޟިލާ ޢާފިޔާ ލައްވައި ހުށަހަޅުއްވައި މިނިސްޓަރ ގާސިމް އިބްރާހީމް ތާއީދުކުރެއްވީ، ވެރިކަމުގެ ނިޒާމާބެހޭގޮތުން އިތުރަށް ދިރާސާ ކުރެއްވުމަށާއި މައުލޫމާތު އެއްކުރުމަށާއި ރައްޔިތުންގެ ޚިޔާލުހޯދުމަށާއި މިފަދަކަންކަމަށް ވިސްނާލުމަށް، ދުވަސްކޮޅެއް ބޭނުންވާނެ ކަމަށް ވިދާޅުވެއެވެ. ފަހެ، މިއީވެސް ލަސްކުރުމަށް ބޭނުންވާތީވެ، ހުށަހެޅުނު ފާޑެއްގެ ސިޔާސީކުލަ ޖެހިފައިވާ ހުށަހެޅުމެކެވެ. ގާސިމްއަޑީގައި ހުންނަވައިގެން ކުޅުއްވި ސިޔާސީ ގޭމެކެވެ. އެހެނަސް އާފިޔާލައްވާ، ގާސިމް، މިކުޅުވި ކުޅިވަރު ވެގެންދިޔައީ ބޭކާރުކަމަކަށެވެ. އެހުށަހެޅުމެއް ފާހެއް ނުވިއެވެ. މިކަން ނުވުމުން ދެންރާވާލެއްވީ، އެހެންބަހަނާ އެއްގައި މިމަސައްކަތް ދިގުދަންމާލެވޭނެ ގޮތެއްނެރުއްވާއި އީޖާދުކުރެއް ވުމަށެވެ. ފަހެ، މިޖަލްސާތަކަށް ފުންކޮށް ވިސްނުމުން، ސިޔާސީ ކުޅިވަރު ކުޅުއްވުމަށް، އަނެއްކާވެސް އިތުރު މަސައްކަތް ތަކެއް ވެރިކަމުގެ ފަރާތުން ކޮށްފައި ވާކަން ސާބިތުވެއެވެ. ލަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަމައެވައްތަރުގެ އާހުށަހެޅުމެއް ތަޅުމަށް އެތެރެކޮށް ހުށަހެޅުނެވެ. ރ.އަތޮޅު މެންބަރު އިބްރާހީމް ޝަހީދުޒަކީ (ސަފީރުސާހިބު) ހުށަހެޅުއްވީ، ވެރިކަންކުރާނެ ވައްތަރެއް، ރައްޔިތުންގެ އާންމު ވޯޓަކަށް ގެންގޮސްގެން ރައްޔިތުން ލައްވާ ކަނޑައެޅުމަށެވެ. ސަފީރު ސާހިބަކީ، މިދުވަސްވަރު ސިޔާސީބޮޑާ ހޭކުމެއްގައި ހުންނެވި ބޭފުޅެކެވެ. ރައީސް މައުމޫނު އަރިހުންނާއި ގާސިމުގެ ސިޔާސީ ބިރުދެއްކުން ތަކުގެތެރޭގައި ޖެހިލާނެ އަތެއް ނުނިންމިގެން އުޅުއްވި ބޭފުޅެކެވެ. މީނާ ބޭނުންވަނީ، ޚާރިޖީވަޒިރު ކަމެވެ. އެހެނަސް މައުމޫނު މީނާބެހެއްޓެވީ، ބޮޑުސަފީރު ކަމެއް ދެއްވާފައި މާލޭގައެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރަކަށް ވާތީއެވެ. ކޮންމެއަކަސް، ސަފީރު ސާހިބުގެ މިހުށަހެޅުމަށް ވެސް ވަރަށް އަވަހަށް، ރޭވިފައިއޮތް ގޮތަށް ތާއީދު ލިބިއްޖެއެވެ. ފަހެ، މިއީ އެއިރު، ރިޔާސާތުގެ ޚިޔާލުފުޅު ހުރިގޮތެވެ. ބޭނުންފުޅު ވެލެއްވިގޮތެވެ. މިފަހަރު އިދާރީކޮމެޓީގެ ލަފާ ހޯދުމުގެ އެއްވެސް ވާހަކައެއް ނެތެވެ. ބަހަނާއެއް ނުދައްކަވައެވެ. މިފަހަރު ރިޔާސަތުގެ ވިސްނުންފުޅު ގެންގުޅުއްވި ގޮތަކީ، ގާނޫނު އަސާސީ ހެދުމުގެ އެންމެހާ މަސައްކަތަކީ، އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނެސް އުނިއިތުރު ގެނައުމަކީ، ނާނޫނު އަސާސީގެ، 92 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ، އާދެ! ބޮޑުމަޖިލީހުގެ ކަމެއްގެ ގޮތުގައެވެ. ސީދާ ގާނޫނު އަސާސީގެ ދަށުން މަސައްކަތްތަކެއް ހަވާލުކޮށްފައި ވާތީ، އިތުރަށް ރައްޔިތުންގެ ލަފައެއް ހޯދުމަކީ، ބޮޑުމަޖިލީހުގެ ގާނޫނީބިނާ އޮތްކަމެއް ނޫންގޮތުގައެވެ. އެހެންވެ ވޯޓަށް އައްސަވާ ޚިޔާލު، އައްބާސް ނުގެންގުޅުއް ވީއެވެ. މިވިސްނުންފުޅުގައި ކޮންމެހެން ރައްޔިތުންގެ ޚިޔާލާ ހަމައަށް ފުޅާކުރުމުގެ ބޭނުމެއް އޮތްކަމުގައި ރިޔާސަތަށް އޭރު ނުފެނުނީއެވެ. އެހެނަސް ފަހުން ރޭވިގެން ދިޔައީ މިކަމަކީ، ބޮޑު މަޖިލިސް ދިގުދެންމުމަށް އޮތްމަގު ކަމުގައި ރަިޔާސަތުން ޚިޔާރުކޮށް މިމަގުން ގެންދިއުމަށް ނިންމަވައި އެކަން ކުރެއްވިތަނެވެ.

އާދެ! އެހެން ޖަލްސާއެއްގައި ދެވަނަފަހަރަށް، ރ.އަތޮޅު މެންބަރ ޝަހީދުޒަކީއަށް ވާހަކަ ދެއްކެވުމަށް ދެވަނަބުރުގައި ފުރުސަތުލިބި ވަޑައިގަތީމާ، ކުރީދުވަހުގެ ޚިޔާލު ދެވަނަފަހަރަށް ހުށަހެޅުއްވުމުން، ހަމައެހިންދު ތަޅުމުން ތާއީދު ލިބިއްޖެއެވެ. އެހެނަސް ރިޔާސަތުން ކުރީދުވަހެކޭ އެއްގޮތަށް، މިހުށަހެޅުމަށް ވޯޓަށް ނާއްސަވާނެ ކަމަށް ވިދާޅުވިއެވެ. މިކަންކުރެއްވީ، އޮޅުވާލުމަށް ޓަކައެވެ. ކުރީދުވަހު ވޯޓަށް ނާއްސަފައި ނިންމަވާފައި އޮތުމުން، މަޖްބޫރުވެގެން ވިދާޅުވާން ޖެހުނު ބަސްފުޅެއްގެ ގޮތުގައެވެ. ދެން އެހިނދު ތަޅުމުގެ އެކިއެކި ދިމާތަކުން، ނިޒާމާބެހޭ ނުކުތާތައް ރޭވިފައި އޮތްގޮތަށް އޮހެންފެށުމުން، ރިޔާސަތުން ހެއްދެވި ގޮތަކީ، ފަސްމިނެޓްގެ ބްރޭކަކަށް ގެނެސް، ޖަލްސާ ހުއްޓާލެއް ވީއެވެ. ފަހެ، ރޭވިފައި އޮތްގޮތަށް ކުރިޔަށް ގެންދެވުމަށް މަގުކޮށާއި ފަހިކުރެއްވުމުގެ ގޮތުންނެވެ. މިފަހަރު މިކަންމިކުރެއްވީ، އިދާރީކޮމެޓީގެ ލަފާހޯދުމުގެ ބަހަނާ ކުރިމަތި ކުރައްވައި ގެންނެވެ. ފަހެ، ފަސްމިނެޓަށް މެދުކަނޑާ ލެއްވުމަށް ފަހު، ޖަލްސާ ފައްޓަވަމުން އިއުލާނު ކުރެއްވީ، އިދާރީކޮމެޓީގެ ލަފާލިބުނީ، ރ.އަތޮޅު މެންބަރު (ސަފީރު ސާހިބު) ހުށަހެޅުއްވި ގޮތަށް މަޖިލީހުން ފާސްވޭތޯ ވޯޓަށް އެހުމަށް މިހާރު، ގަސްދުކުރައްވާ ކަމަށެވެ. މިއީ ރިޔާސަތުގައި އިންނެވި އައްބާސް އޮޅުވާލެއްވި ބޮޑު އޮޅުވާލެއްވުން ކާމިޔާބު ކުރެއްވި ގޮތެވެ. ދުރާލައި ރާވައިގެން ކުރެއްވި ބުއްދިވެރި ކަމެކެވެ. ފަހެ، 93 ވަނަ ޖަލްސާގައި، މިގެންދެވީ ކުރީދުވާ ވަރަށް ތަފާތުގޮތަކަށެވެ. ރާވާފައި އޮތީ، ސީދާވޯޓަކަށް ގެންދަވާ ގޮތަށެވެ. ނިޒާމީ ވޯޓެއްގައި ދުވަސްތަކެއް ނަލާގޮތަށް ކުރިޔާލާއޮތީ، ރޭވިހަމަޖެހި ފައެވެ. އައްބާސް މިގޮތަށް އިއުލާނު ކުރެއްވުމާ ގުޅިގެން އިދާރީކޮމްޓީގައި ހިމެނި ވަޑައިގަންނަވާ، ލ.އަތޮޅުގެ މެންބަރު މުހަންމަދު ނައީމް، ހަމަ އެވަގުތު މަޖިލިސް ކުރާގޭގައި ހާޒިރުވެ ހުންނެވި ކަމާށައި، އެކަމަކު އިދާރީކޮމެޓީއާ މަޝްވަރާކުރެއްވި ކަމަށް ރިޔާސަތުން ވިދާޅުވާއިރު، އެމަޝްވަރާގައި އޭނާ، ބައިވެރި ނުކުރާކަމަށް ތަޅުމުގައި ނިޒާމުގެ ނުކުތާއެއް ނަންގަވައިގެން، ނިޒާމީ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއް ވިއެވެ. އެކަންބަލައި ދެއްވުންއެދި ހުށަހެޅުއް ވިއެވެ. އާދޭސް ދެންނެވިއެވެ. އެހެނަސް ނިޒާމީނުކުތާގެ ދަށުން މައްސަލަ ޖެއްސެވީމާ ވެސް ރިޔާސަތުން، އައްބާސް އަޅާނުލައްވާ، ވޯޓަށް އައްސަވާގޮތަށް ނިންމަވައި ޖަލްސާ ކުރިޔަށް ގެންދެވީއެވެ. ނިޒާމީނުކުތާގައި އަޅުގަނޑުވެސް މިމައްސަލަ ޖެއްސީމެވެ. އަޑުއުފުލީމެވެ. މިއޮޅުވާލުން ގަނޑާގުޅޭގޮތުން ވާހަކަ ތަކުރާރުކޮށް ވާހަކަ ދެއްކީމެވެ. އެހެނަސް އެއްގޮތަކަށް ވެސް އަޅާނުލައްވާ ކުރިޔަށް ގެންދެވީއެވެ. އަޅާނުލެއްވި ސަަބަބަކަށް އިދާރީކޮމެޓީގެ ވާހަކަ ތަޅުމަށް ގެންނެވީ، އޮޅުވާލުމުގެ ރީތި އުކުޅަކަށެވެ. މިޖަލްސާގައި މިކަން ކުރިޔަށް ގެންދާގޮތަށް ގަނޑުވަރުން ކުރިޔާލާ އޮތީ، ރާވާފައެވެ. ފެހިސިގްނަލް ދީފައެވެ. މިއީ ރައީސް މައުމޫނަށް އައްބާހާއި ގާސިމް ރާވާއިގެން ކޮށްދެއްވި ކަމެކެވެ. އެރުވި ހަދިޔާއެކެވެ.

އާދެ! ކޮންމެއަކަސް އެވިދާޅުވާ ގޮތުގައި މަޖިލީހުގެ ރިޔާސަތަށް، އިދާރީކޮމެޓީން ދެއްވިލަފާޔާއި އިރުޝާދުގެ މަތިން ނިންމެވީ، ސަފީރުސާހިބު ކުރީދުވަހު ހުށަހެޅުއްވުމުން ވޯޓަށް ނާއްސަވާ ބާތިލްކުރައްވާފައި އޮތްކަމެއް ފަހުން ފުރުސަތެއް ލިބިވަޑައި ގަތުމާގުޅިގެން، ހުށަހެޅުއްވުމުން ތަޅުމުން ތާއީދެއް ހޯއްދަވައި ކުރިޔަށް ގެންދަވައިގެން ވޯޓަށް އެއްސެވުމަށެވެ. މިއީ ބޮޑުމަޖިލީހުގެ ރައީސް އައްބާސް، ރޭއްވެވި އުކުޅެއްގެ ދަށުން ރައްޔިތުންގެ ނިޒާމީވޯޓަކަށް، މަޖިލީހުގެ މަސައްކަތް ދިގުދަންމާ ލެއްވިގޮތެވެ. މިއީ ރައީސް މައުމޫނު ރިޔާސީ ގަނޑުވަރު ތެރެއިން އީޖާދުކުރެއްވި، ބުއްދިވެރި ސިޔާސީ ކުޅިއެކެވެ. އަޅުގަނޑު ބޮޑު މަޖިލީހުގެ ތަޅުމުގައި ވަރަށް ސަރީހަކޮށް މިވާހަކަތައް ގޮވަމުން ގެންދިޔައީމެވެ. ބޮޑުމަޖިލީހުގެ ރެކޯޑްތަކުން މިކަންފެންނަން ހުންނާނެއެވެ. ބޮޑު މަޖިލީހުގެ ތަޅުމުގައި މިކަން ހިނގާދިޔަ، 93 ވަނަ ޖަލްސާއަށް އިތުރުކުރެވުނު ވަގުތުގައި މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، އާދައިގެމަތިން އިލެކްޓްރޯނިކް ސިސްޓަމް މެދުވެރިކޮށް ނެގުނު ވޯޓުގެ ނަތީޖާދެއްކީ، މޭޒުމަތީގައި ބެހެއްޓިފައި ހުންނަ ސިސްޓަމުން ފެނުނުނަތީޖާ ދެއްކިގޮތާއި ބޮޑުސްކްރީނުން ދެއްކިގޮތާ ތަފާތުކޮށެވެ. މޭޒުމަތީގައި ބެހެއްޓިފައި ހުރިސިސްޓަމުން ނަތީޖާދެއްކީ ފާސްނުވާކަމަށެވެ. ތަޅުމުގައި ގަވާއިދުގެ ދަށުން ބެހެއްޓިފައިހުރި ބޮޑުސްކްރީނުން ދެއްކީ، އެހެންގޮތަކަށެވެ. މިމައްސަލަ ހޫނުކޮށް ހިލުމުން، ދެން ވޯޓަށް އެއްސެވީ، އަތް ހިއްލާގޮތަށެވެ. މިގޮތުންނެގި ވޯޓުގެ ނަތީޖާއަށް ބަލާއިރުވެސް ފާހެއްނުވިއެވެ. ގުނުމާ ހިތްހަމަ ނުޖެހިގެން ތަޅުމުގައި ކުރެވުނު އިއުތިރާޒާއެކު ހިލުނު މައްސަލައާ ގުޅިގެން، ދެން ގަވާއިގުގައި ބުނާގޮތުން ނަގަންޖެހޭ ވޯޓަށް އެއްސެވީ ކޮންމެ މެންބަރަކުވެސް ވަކިވަކިން އަނގަބަހުން ވޯޓުދެއްވަމުން ގެންދަވާ ގޮތަށެވެ. މިގޮތުގެމަތިން ކޮންމެމެންބަރަކު އަނގަބަހުން، “އާދެ” އަދި “ނޫން” ބުނަމުން، ނޯޓްކޮށް ލިޔަމުން، ގެންގޮސްގެން ލީވޯޓުގެ ނަތީޖާއަކީ، 58 ވޯޓުލިބިގެން ރ.އަތޮޅު މެންބަރު ޝަހީދުޒަކީގެ ހުށަހެޅުއްވުން ފާސްވުމެވެ. މިއީ ކަމެއް ފާސްވުމަށް އެންމެދަށްކޮށް ބޭނުންވާ އަދަދެވެ. ފަހެ، އައްބާސް އިބްރާހީމާއި ގާސިމް އިބްރާހީމަށް، މިކަންތައް މިކޮށްދެވުނީ، ގަވާއިދުގައި އޮންނަހުރިހާ ގޮތަކަށް ވޯޓުލައްވުވައި ގެންނެވެ. ގަދަބާރުން ކުރުވިކަމެކެވެ. ފަހެ، މިހާ ހިސާބުން ދެއިބްރާހީމުންގެ އެދުން ފުދުނީއެވެ. ރައީސް މައުމޫނުގެ އެދިވަޑައި ގަތުމަށް ބޮޑުކަމެއް ކޮށްދެވުނީއެވެ.

އާދެ! މެންބަރުންނާ ސުވާލުކުރަމުން އަނގަބަހުން ނެގުނުވޯޓުދިޔައީ، ހާމަކަން ބޮޑުކަމުން، ވަރަށް ތަފާތުގޮތަ ކަށެވެ. ސީދާ ރައްޔިތުންނާ ގުޅިފައިއޮތް ކަމަކަށްވާތީ، ރައްޔިތުންގެ މީހުންނަށް ވުމުގެ މަގްސަދުގައި ވަރަށް ގިނަ އިއްޒަތްތެރި މެންބަރުން، އަޑަށް ބާރުލައްވާފައި، “އާދެ” ދެންނެވިއެވެ. ދުލުގެ ބޭނުން ހިއްޕެވިއެވެ. ރައްޔިތުން ކުރިމަތީގައި ބޮޑުވެލާއި ފަޚުރުވެރި ވެލުމަށެވެ. ފުފިލާފައި ރައްޔިތުންނަށް އެމަންޒަރު ދެއްކުމުގެ މަގްސަދު ގައެވެ. ފަހެ، “އާދެ” އޭ ވިދާޅުވާބޭފުޅުން ތިއްބެވީ، ރައްޔިތުންނާ އެކުގައި ކަމަށް ހާމަކޮށް ދެއްކުމަށް ޓަކައެވެ. ރަނުގެ މިފުރުސަތު ބޭނުންކޮށް ލުމުގެ ބޭނުމުގައެވެ. ރައްޔިތުންގެ މީހުންނަށް ވުމުގެ ފަޚުރުވެރިވުން ފާޅުވެގެން ދިޔައެވެ. މިއީ މިކަހަލަ ކަންކަމުގައި ވާނެގޮތެވެ. ރައްޔިތުންނަށް މިކަންސާފުކޮށް އެނގިފައި އޮތުން ވަރަށް މުހިންމެވެ. އަޅުގަނޑު މިވާހަކަތައް މިހާތަފްސީލުކޮށް މިލިޔަނީ، މިފަދަ ކަންތައް ތާރީޚް ދިރާސާކުރަމުން ގެންދާ ދިވެހި ކިޔަވާކުދިންނަށް އެންގުމަށް ޓަކައެވެ.

އާދެ! ދިގުބަހުސަކަށް ފަހު، މިނިމުނު ގޮތަކީ، ގާނޫނު އަސާސީ އިސްލާހުކުރުން އިތުރަށް ދިގުލާނެ ގޮތެވެ. ރައީސް މައުމޫނަށް ހިންދަމާލެވޭނެ ގޮތް، އަނެއްކާވެސް ދުވަސްކޮޅަކަށް ވީއެވެ. މިކަންތައް މިގޮތަށް ގެންގޮސް ފާސްކުރުމަށް ބާރު، އެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނާއި ކުރީފަހަރުގައި ވެސް 15 ދުވަސް އިތުރުކޮށް މިމަސައްކަތް، ދިގުދެންމުމަށް އުޅުއްވި މިނިސްޓަރ ގާސިމް އިބްރާހީމާއި ރިޔާސަތުގައި އިންނެވި އައްބާސް އިބްރާހީމެވެ. މިނިސްޓަރ އިލްޔާސް އިބްރާހީމާއި މިނިސްޓަރ ޔާމީނު އަބްދުލް ގައްޔޫމު ވެސް، އަދި ޑީއާރުޕީގެ އެއްމުއައްސިސު، ހއ.ހޯރަފުށީ ސަލީމު ވެސް، މިގޮތަށް ކަންތައް ގެންދިއުމަށް ވޯޓުދެއްވިއެވެ. އަދި ރައީސް މައުމޫނުގެ ދެމެންބަރުންނާއި ވަރަށް އަރިސް ބޭފުޅުންވެސް މިގޮތަށް ފާސްކުރުމަށް ވޯޓުދެއްވިއެވެ. މިވެރިންގެ މޮޅުކަމަކީ، މިކަހަލަ އޮޅުންބޮޅުންގަނޑު ރާވާލައިގެން އިދިކޮޅު މީހުންގެ ވޯޓުކޮޅުވެސް ދަމައި ގަންނާތީއެވެ. ފަހެ، މިބައިކުޅެދެނީ އިދިކޮޅުމީހުންގެ ތެރޭގައި ޖިސްމާނީގޮތުން ހުންނަވާ ގާސިމެވެ. އެމީހުން ބޭނުންވާ ބައެއްކުޅި ގާސިމު މެދުވެރިކޮށް، ސަރުކާރާ އިދިކޮޅު މީހުން އިސްކޮށް ބައިތިއްބައިގެން ކުޅެލާއި ނިންމާލަނީ ވަރަށް އޮމާންކޮށެވެ. ފަހެ، މިއީ އަޖައިބެއްފަދަ ސިޔާސީ ރާޒުވާކުޅި ގަނޑެކެވެ.

ފަހެ، ދަންނާށެވެ! މިބަހުސް ރައްޔިތުންނާ ހަމައަށް ފުޅާކޮށް ލުމުގެ ހަމައެކަނި ބޭނުމަކީ،  އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ދިގުދަންމާލުމެވެ. ރާއްޖޭގެ ވެރިކަމުގެ ވައްތަރު ނިންމާނީ ރައްޔިތުންނޭ ބުނެ، މިގޮތަށް ވަކާލާތު ކުރުމުން، މިނިސްޓަރ ގާސިމާއި މިނިސްޓަރ އިލްޔާސަކީ، ރައްޔިތުން އެދޭގޮތަށް ވަކާލާތުކުރައްވާ ރައްޔިތުންގެ މީހުންނަށް ވާނެތޯއެވެ؟ ފަހެ، މިނިސްޓަރުންނާއި ރ.އަތޮޅު މެންބަރަކަށް ހުންނެވި އިއްޒަތްތެރި ސަފީރުސާހިބަކީ ވެސް ރައީސް މައުމޫނު، ވިދާޅުވާގޮތަށް މަޖިލީހުގައި ކަންތައް ކުރައްވާން ތިއްބަވާ ގޮނޑިކޮއްކޮއިން ތަކެއްކަން ވަނީ، އެބޭފުޅުންގެ އަމަލުތަކުން ފާޅުގައި ދައްކުވާފައެވެ. ސާބިތުވެފައެވެ. އަސާސީ އިސްލާހު ކުރުމުގައި ރައްޔިތުންގެ މީހުންކަމުގައި ދެއްކުމަށް ޓަކައި ވެރިކަމުގެ ނިޒާމަށް ބޭނުންކުރާނެ ވައްތަރެއް ނިންމުމުގެ މައްސަލަ ރައްޔިތުންނާ ހަމައަށް ގެންދެވޭތޯ ބެލީ، ބޮޑުސިންގާ ރޭވުމެއްގެ ދަށުންނެވެ. ރައްޔިތުންނަށް ހެޔޮއެދިގެން ގައުމު އިސްކުރުމުގެ ބޭނުމަކު ނޫނެވެ. ފަހެ، ރައްޔިތުންނަށް އިޚްލާސްތެރި ވުމަކީ، މިއީތޯއެވެ؟ ބޮޑުމަޖިލީހުން ނިންމަންޖެހޭ މިފަދަކޮންމެ ކަމެއް ރައްޔިތުންނާ ހަމައަށް ގެންދަން ވެއްޖެނަމަ، އެމަޖިލީހުގެ މަސައްކަތަކީ، ކޮބައިތޯ؟ އެބަ ސުވާލު އުފެދެއެވެ!

ފަހެ، ދަންނާށެވެ! ރާއްޖޭގައި މީގެކުރިން ހިނގާދިޔަ ދެ ޖުމްހޫރިއްޔަތު ފެށުމުގައި ވެސް ރައްޔިތުންގެ ޚިޔާލު ވެރިކަމުގައި ބޭނުންކުރާނެ ނިޒާމަކާ ގުޅިގެންވަނީ، ހޯދިފައެވެ. ފުރަތަމަ ފަހަރު 1953 ވަނަ އަހަރު ގައެވެ. ދެވަނަފަހަރު މިވޯޓުލެވިފައި ވަނީ، 1968 ވަނަ އަހަރު ގައެވެ. މިހާރުމިވީ ގޮތުން، ދެވަނަ ޖުމްހޫރިއްޔާގައި ތަކުރާރުކޮށް، އަނެއްކާ ވެސް މިކަމާގުޅޭ ބޭކާރު ވޯޓެއް ލެވެނީއެވެ. ފަހެ، ދިވެހި ރައްޔިތުންވަނީ، ރައްޔިތުންގެ އާންމުވޯޓަކުން، ދިވެހި ރާއްޖޭގައި ބާއްވާނީ ޖުމްހޫރީ ވެރިކަމެއްތޯ؟ ނުވަތަ ވިރާސީ ވެރިކަމެއްތޯ؟ ނުވަތަ އިންތިޚާބީ ވިރާސީ ވެރިކަމެއްތޯ؟ ނިންމަވާފައެވެ. މިހާރަކަށް އައިސް ވާކަހަ ދެކެވެމުން މިދާ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ދެވައްތަރަކީ ވެސް، ޖުމްހޫރީވެރިކަމުގެ ދެވައްތަރެވެ. އެއްވައްތަރެއްގެ ދެގޮތެކެވެ. ބޮޑު އެއްވެސް ތަފާތެއް ރައްޔިތުންނަށް، އަނިޔާވެރި ވުމުގައި ވެރިމީހާއަށް ގެނެވޭކަށް ނެތެވެ. ސީދާގޮތުން ގެންގުޅެވޭކަށް ނެތެވެ. މިދެވައްތަރަކީ ވެސް ރައްޔިތުންނާ ހަމައިން ބާރުފެށިގެން އަންނަ ވެރިކަމެއްގެ ދެވައްތަރެވެ. ފަހެ، މިފަދަކޮންމެ ކަމެއްގައި ރައްޔިތުންގެ ޚިޔާލުހޯދަން އާންމުވޯޓަކަށް ދާންޖެހުމަކީ، ރައްޔިތުންގެ ވަގުތާއި ފައިސާ އިސްރާފު ކުރުމެވެ. އަމިއްލަ ބާރުދައްކާލުމެވެ. އަދި އަސާސީ އިސްލާހުކުރުމުގެ ސްޕީޑަށް މަޑުޖެހުން ގެނައުމެވެ. ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދަވަން ނިންވެވިގޮތަށް، ޔުނިޓަރީ ދައުލަތެއްގެ ގޮތުގައިތޯ؟ ނުވަތަ ފެޑެރަލް ދައުލަތެއްގެ ގޮތުގައިތޯ؟ ދިވެހިދައުލަތް ހިންގާނީ، ބެލުމަކީވެސް، ރައްޔިތުން ނިންމަންޖެހޭ ކަމެކެވެ. ހަގީގަތުގައި މިދެކަންތަކީ ވެރިކަމަށް މާބޮޑު އަސަރުތަކެއް ކޮށް، ލޮޅުންތަކެއް އަރާނެކަމެއް ނޫނެވެ. ހަގީގީ މަސައްކަތަކީ، އަސާސީގައި ވަކިވަކިން މިނިޒާމާ ބެހޭ އުސޫލުތައް ވަރަށް ތަފްސީލުކޮށް ލިޔުމުގެ މަސައްކަތެވެ. ރިޔާސީ ނިޒާމުގެ ވެރިކަމެއްނަމަ މުޅިއަސާސީ ބިނާވާންޖެހޭނީ އެހަމަތަކުގެ މައްޗަށެވެ. އެހެންނޫނީ، ވެރިކަމުގެ ފަރާތުން ރިޔާސީ ނިޒާމެއްގައި، ހުރިހާވައްތަރެއް މަސްހުނި ކުރެވިގެން، މާބޮޑަށް ޕާލަމެންޓްރީ ނިޒާމަކާ ދިމާއަށްގޮސް ހަގީގީ މިސްރާބު ގެއްލިދާނެއެވެ.

ފަހެ، މިބައިތައް ވަރަށް ތަފްސީލުކޮށް ލިޔަން ފަށައި ނުގަނެވޭހާ ހިނދަކު، އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ފަށައި ނުގަނެވެނީއެވެ. އަވަސް ވެގަންނަންވީ ވީހާއަވަހަށް އަސާސީގައި ހިމެނޭ، މައިގަނޑު އުސޫލުތައް ލިޔަންފަށާށެވެ. ފަހެ، ދަންނާށެވެ! ދުލުގެ މިނިވަންކަމުގެ ފައިދާލިބި ގަންނަންވާނީ އަސާސީ، ވީހާއަވަހަށް އިސްލާހު ކުރުމަށެވެ. އެހެންނޫނީ މިދާގޮތަށް ދަންޏާ ރައީސް މައުމޫނު އަދި އެއްދައުރު ނަންގަވާފާނެއެވެ. ފަހެ، މިފެންނަ ކުލަވަރުތަކުން ރައީސް މައުމޫނުގެ ކުޅަދާނަކަން އެބަދައްކައެވެ. ތިޔަކުޅުއްވާ ސިޔާސީ ކުޅިފަހަށް ފަށްފަށުން ސާބަހެވެ. އަދި ދަނީ ކާމިޔާބު ވަމުންނެވެ. ތަދުބީރު ނިޔާކުރައްވާނެ ގޮތެއް ދެނެވޮޑިގެން ވާނީ، ސީދާ ﷲ އެވެ. ދިވެހި ގައުމުކުރިޔަށް ގެންދަވާށިއެވެ! ދިވެހި ރައްޔިތުން ކުރިޔަށް ގެންދަވާށިއެވެ! ރައްޔިތުންގެ ވެރިކަމަށް އާބަދަލެއް ގެނެސް ދެއްވާށިއެވެ! އާރޫހެއް ގެނެސް ދެއްވާށިއެވެ! މިހާރުއޮތް ވެރިކަމަށް އަވަސް ނިމުމެއް ދައްކަވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *