ދިވެހިންގެ ފަތުރުވެރިކަން ތަރައްގީކުރުމަށް އުފެއްދި ކުންފުންޏަކީ، ހައެއްކަ މަހުޖަނުންގެ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަކަށް ހަދާލިޔަދީގެން ނުވާނެއެވެ.

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ސެޕްޓެންބަރ ގައި)

ގާނޫނު ނަންބަރު: 96/10 ކުންފުންޏާބެހޭ ގާނޫނުގެދަށުން އުފައްދާފައިވާ، ދަރަންޏަށް ޒިންމާވާ، ރައްޔިތުންގެ ކުންފުންޏެއް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުމަކީ، އާކަމެއްނޫނެވެ. އެހެނަސް، 2006/280 / ސީ ނަންބަރު ކުންފުނި، 2006 އޭޕްރީލް 9 ގައި ރަޖިސްޓްރީ ކުރެވި، ސަތޭކަ ރުފިޔާއަށް ހިއްސާއެއްގެ މަގުން އެއްމިލިޔަން ރުފިޔާގެ އާންމުހިއްސާ، ދިވެހި ރައްޔިތުންނަށް ވިއްކުމަށް ނިންމުމަކީ، އުފަލެއް ކަމުގައިދުށް ދިވެހީން މަދެއްނޫނެވެ. ޚުދު އަޅުގަނޑުވެސް ދިވެހި ރައްޔިތުން ހިއްސާވާގޮތަށް ގައުމީ ފަތުރުވެރިކަމުގެ ކުންފުންޏެއް ވުޖޫދަށް ގެނައުމަށް މަރްހަބާ ކީމެވެ. ދިވެހި ރައްޔިތުންގެ ފަތުރުވެރިކަމުގެ ގައުމީ ކުންފުނި އުފެއްދުމުގެ މަގްސަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތުގައި އާންމު ރައްޔިތުންގެ ހިއްސާ އިތުރުކުރުމާއި ވީހާވެސްގިނަ ދިވެހި ރައްޔިތުންނަށް އެފުރުސަތު ހޯދައިދީ، ފަތުރުވެރި ކަމުގެ ސިނާއަތުގެ މާލީފައިދާ ކުންފުނީގެ ހިއްސާ ދާރުންނަށް ހޯދައިދިނުން ކަމުގައި ވާތީއެވެ.

ފަހެ، މީގެކުރިން ރައްޔިތުންގެ، ވަރަށް މަޝްހޫރު ދެކުންފުންޏެއް އުފައްދަވައި ސަރުކާރުން ވަނީ، އެދެކުންފުނި ހިންގުމުގެ މަސްއޫލިއްޔަތު، ވަރަށް މަޝްހޫރު ކުޅަދާނަ، އަދި ރައިސް މައުމުނާ ސީދާކޮށް ގުޅުންހުރި ދެބޭފުޅަކާ، އެކުންފުނިތައް ހިންގުން ހަވާލު ކުރައްވާފައެވެ. ރާއްޖެތެރޭގައި ހިންގުމަށް ސަރުކާރުން ރޭއްވެވި ރައްޔިތުންގެ ކުންފުނި ހަވާލުކުރެއްވީ، އެންމެގިނަ ޒަމާން ވަންދެން، ރާއްޖެތެރެއާ ބެހޭ ވުޒާރާގެ މިނިސްޓަރު ކަން ކުރެއްވި، އަލްއުސްތާޒު އަބްދުﷲ ހަމީދުއާއެވެ. ރާއްޖޭން ބޭރުގަޔާއި ރާއްޖޭގައި ހިންގުމަށް ސަރުކާރުން ރޭއްވެވި ރައްޔިތުންގެ ވިޔަފާރި ކުންފުނި ހަވާލުކުރެއްވީ، ރާއްޖޭގެ ހުރިހާ ވިޔަފާރިއާއި ގައުމުގެ ދިފާޢު އެންމެގިނަ ދުވަހު، ފަހަކަށް އައިސް ބެލެހެއްޓެވި، މިހާރުވެސް ބޮޑުވުޒާރާއެއްގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ހުންނެވި، މިނިސްޓަރ އިލްޔާސް އިބްރާހީމް އާއެވެ. އިލްޔާސަކީ، ގައުމުގެ އުލާއި ސަމްސަލާއި ބަތްތައްޓާ ހަވާލުވެގެން ހުންނެވި އެންމެ ޒިންމާދާރު މަގާމުތައް ކޮނޑުއަޅުއް ވައިގެން ހުންނެވި ބޭފުޅާއެވެ. ފަހެ، މިކަމުން ދިވެހި ރައްޔިތުންނަށް ފަރުދީގޮތުންކުރި އެއްވެސް ފައިދާއެއް ފެންނާކަށް ނެތެވެ. ހަމީދު ރާއްޖެތެރޭގައި ފެއްޓެވި ވިޔަފާރި ހުލިވެގެން ދިޔައީ މަދުބައެއްގެ ޖީބަށެވެ. ރައްޔިތުންނަށް ކުރިއެއްވެސް ފައިދާއެއް ނެތެވެ. އިލްޔާސާ ހަވާލުކުރެއްވި ރާއްޖޭގެ ސަރުކާރުގެ ބޮޑު ސްޓޯރު، (އެމްޖީބީއެސް) ފަހުން، ދައުލަތުގެ ވިޔަފާރި ޖަމްއިއްޔާ، (އެސްޓީއޯ) އާދެ! ދިވެހި ދައުލަތުގެ ގައުމީ ވިޔަފާރި ބަނގުރޫޓްނުވެ، އާއިލާއާ ގުޅުންހުރި ބަޔަކު އޭގެތެރޭންލާފައި ކުރިއަރައިގެން ދާގޮތަށް ދެމިއޮވެ، މިއަދު އެސްޓީއޯގެ ވިޔަފާރި އެފެންނަނީ، މުޅިގައުމުގައި ފެތުރިފައި ވާތަނެވެ. ހުލިނުވެ ދެމިއޮތްކަމުގެ ޝުކުރު އިލްޔާސަށް ހައްގެވެ. މިވިޔަފާރިން މުއްސަންދިވި، އެންމެބޮޑު މަހުޖަނަކީ، އޮނަރަބްލް ގާސިމް އިބްރާހީމެވެ. އަދިވެސް މިވިޔާރީގެ ތެރެއިން ދެމިގަތް މަހުޖަނުން ބައިވަރު ފެންނަން އެބަތިއްބެވެ. އިލްޔާސަށް ކްރެޑިޓްދެވޭ ތަންކޮޅަކީ، ގައުމީ ވިފާރިއެއްގެ ގޮތުގައި މިވިޔަފާރި ބަނގުރޫޓް ވިޔަނުދީ، މިއަދާހަމައަށް ވެސް ދެމިގެން އައިސްފައި ވާތީއެވެ.

އާދެ! މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެމް ޓީ ޑީ ސީ) ދިވެހި އެންމެހާ ރައްޔިތުންގެ އަތުން ނެއްޓިބީވެގެން ދިޔަދީގެން ނުވާނެއެވެ. މާޒީގެ ތަޖްރިބާތަކުން ދަރުސްތައް ހޯދައިގަނެ ތައްޔާރުވާންވީ، އެންމެހާ ދިވެހިންގެ ކުންފުންޏަކަށް ހަދައި އެންމެހާ ދިވެހިންނަށް އަބަދަށް ފައިދާލިބޭނެ ކުންފުންޏަކަށް، އެމްޓީޑީސީ ހެދުމަށެވެ. ރައްޔިތުންގެ 55 ހިއްސާ، އަދި ސަރުކާރުގެ 45 ހިއްސާ، މިއުސޫލުން ބައިއަޅާގޮތަށް މިކުންފުނި ބާއްވައިގެން ނުވާނެއެވެ. ސަރުކާރުގެ 45 ޕަސަންޓް ހިއްސާގެ ފައިސާ ހޯދިގޮތެއް ވަރަށްސާފުކޮށް އެނގެން ޖެހޭނެއެވެ. ކޮންމެތާކުން ނެރެގެން ނަމަވެސް، އަދި ސަރުކާރުން އެފައިސާ ޖެހިޔަސް، އެފައިސާއަކީ ވެސް ހަމަ ރައްޔިތުންގެ ފައިސާއެވެ. އެއްވެސް ޝައްކެއްނެތެވެ. ފަހެ، ދަންނާށެވެ! މިކުންފުންޏަކީ،  ސައްތައިން ސައްތަ ޚާލިޞް ދިވެހި ރައްޔިތުންގެ މިލްކުވެރި ކުންފުންޏަކަށް ބަދަލުކުރެވެން ޖެހޭނެއެވެ. ހިއްސާއެއް ގަނެވޭ ފެންވަރުގެ ކޮންމެ ދިވެއްސަކު ވެސް އެންމެ ހިއްސާއެއް ނަމަވެސް، ސަތޭކަރުފިޔާ ދީފައި އަވަހަށް ގަންނަން ވީއެވެ. މަހުޖަނުންގެ މަތިއޮމާން މަޅިތަކުގައި ނުޖެހި، އަމިއްލައަށް ގަންނާށެވެ. ދިއްކޮށްލާ މަދުފައިސާ ކޮޅަކަށް ހިއްސާ ދޫކޮށް ނުލާށެވެ. އަދި ކުންފުނީގެ އަހަރީ އާންމު ބައްދަލުވުމަށް، ވީހާގިނަ ހިއްސާދާރުން ހާޒިރުވެ ކުންފުންޏަކީ، އެންމެހާ ދިވެހި ރައްޔިތުންގެ މިލްކު ކުންފުންޏަކަށް ބަދަލުކޮށް ލަންވީއެވެ. ހިންގާގަވާއިދަށް ގެންނަންފެންނަ އިސްލާހުތައް ހަޅޭލަވައިގެން، އަވަހަށް ގެންނަންވީއެވެ. އަޅުގަނޑު ވެސް އަހަރީ އާންމު ޖަލްސާއަށް ހާޒިރުވާނަމެވެ. ޑިރެކްޓަރުންގެ ބޯޑަށާއި މުޅި ކުންފުންޏަށް ބޮޑުބަދަލެއް ގެނައުން އަވަސް ކުރަން ވެއްޖެއެވެ. ފަހެ، ހަމަ މިހާރުން މިހާރަށް ކުންފުނީގެ ހިއްސާތަކަށާއި އެސެޓްތަކަށް، ނުފޫޒު ހިންގުމަށް ރޭވެމުންދާ ރޭވުންތައް އަވަހަށް ރޫޅާލަން ވީއެވެ. ހުއްޓުވަން ވީއެވެ. މިކަން ކުރުމުގެބާރު، ދިވެހި ރައްޔިތުންނަށް ލިބިގެން ވެއެވެ.

ފަހެ، ދަންނާށެވެ! މިގޮތުގެމަތިން މިކުންފުންޏަކީ، އެންމެހާ ދިވެހި ރައްޔިތުންގެ މިލްކު ކުންފުންޏަކަށް ބަދަލުކޮށް ލެވިދާނެކަމުގެ ޔަގީންކަން ބާއްވާށެވެ. އެއީ ވަރަށް ފަސޭހަކަމެކެވެ. އަޅުގަނޑު މެންނަށް ފާޅުގައި ކެރެންވީއެވެ. ފަހަތަށް ނުޖެހެންވީއެވެ. ކޮންމެ ރައްޔިތަކު ހިއްސާއެއް ގަނެލާފައި އަހަރީއާންމު ޖަލްސާއަށް ހާޒިރުވުމަށް ތައްޔާރު ވާށެވެ. ކަމެއް ކުރެވޭނީ، ފިސާރި ކެރިގެންނެވެ. ފަހެ، ހައެއްކަ މަހުޖަނުންގެ ޕްރައިވެޓް ލިމިޓެޑަކަށް ވުމަށް މިކުންފުނި ދޫކޮށް ލައްވައިގެން ނުވާނެއެވެ. އަޅުގަނޑު ދަންނަވަން އޮތީ، މަޑުން ނުތިއްބަ ވާށެވެ. މިވިޔަފާރީގައި މަސްތުވެ ދެވިހިފައި ގެންގޮސް، އެޑިކްޓްވެފައި ތިބޭބަޔަކަށް، މުޅި ފަތުރުވެރި ކަމަށް، ތާއަބަދަށް ބާރު ފޯރުވުމުގެ ޗާންސް ދީގެން ނުވާނެއެވެ. ފަހެ، އެޑިކްޓްވުމަކީ، އެކަމަކަށް އެދި އިންތިހާއަށް ދަހިވެތިވުމެވެ. ބޮޑުކުއްޔަށް ދޫކުރެވެމުންދާ ރަށްތަކަށް، ބޭނުންވާވަރަށް ބޭނުންވާހާ ގޮތަށް ބާރުހިންގޭގޮތް ނުވީމާ، މިހާރުއެއުޅެނީ ކުންފުންޏެއްގެ ދަޅަ ރައްޔިތުންނަށް ދައްކައިގެން، މުޅިފަތުރުވެރި ކަމުގެ މައްޗަށް ދެތިންހަތަރު، ހައެއްކަ މަހުޖަނުންގެ ގަދަބާރު ފޯރުވަން ވެގެންނެވެ. ފަހެ، އެކަންކުރިޔަ ދީގެން ނުވާނެއެވެ. އެމްޓީޑީސީގެ ހުރިހާބާރަކާއި ފައިދާ، އެންމެހާ ދިވެހި ރައްޔިތުންގެ ކޮންޓްރޯލްގެ ދަށަށް ނުގެނެވިއްޖެ ނަމަ، ވަގުތުން މިކުންފުނި އުވާލުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ދިވެހި ރައްޔިތުން ކުރަން ޖެހޭނެއެވެ. މިއީ މަޖްބޫރު މާއްދާއެކެވެ. މިހާރުވެސް ކުންފުނީގެ އެސެޓްގެ ގޮތުގައި ރައްޔިތުންގެ މިލްކުފަޅުރަށްތައް ވަނީ، ރައްޔިތުންގެ ރުހުމެއްނެތި ދޫކޮށްފައެވެ. އަދި ރައްޔިތުގެ ހައްގުފައިސާ ވަނީ، ދޫކޮށްފައެވެ. ފަހެ، މިކަންކަމަށް ސަމާލުވުމަށް އަޅުގަނޑު ހަރުއަޑުން ގޮވާލަމެވެ.

ފަހެ، ރާއްޖޭގެ ހުރިހާފަޅުރަށް ތަކުގެ މިލްކުވެރި ކަމުގެ ޙައްގުފަރާތަކީ، އެންމެހާ ދިވެހި ރައްޔިތުންނެވެ. ރައީސް މައުމޫނާއި އޭނާގެ މަދު ވިޔަފާރިވެރިން ކޮޅެއްނޫނެވެ. ފަޅުތަކާއި ފިނޮޅުތަކާއި ގިރިތަކުގެ މިލްކު ވެރިންނަކީ، ދިވެހި ރައްޔިތުންނެވެ. މިއިންތަނެއް އަމިއްލަ ވިޔަފާރީގައި ބޭނުންހިފެންޏާ، ރައްޔިތުންނަށް ސިދާފައިދާ އެޅެން ޖެހޭނެއެވެ. ދިވެހިންގެ ރަނަކީ ވެސް، ރިއްސަކީ ވެސް، ގޭހާއި ތެލަކީވެސް، ޕެޓްރޯލަކީ ވެސް، އަދި ހުރިއްޔާ ހުރި، ހުރިހާ ޚަޒާނާއަކީވެސް، އެންމެހާ ދިވެހީންގެ މިލްކިއްޔާތު ކަމުގައިވާ، އެންމެނަށް ހިއްސާއެޅުން މަޖްބޫރު ފަޅުރަށް ތަކާއި އެއްޗިއްސެވެ. ފަހެ މިތަކެއްޗާއި ފަޅުރަށްތަކަކީ، ކާބަފައިނެގެ ދުވަސްވަރުން ފެށިގެން ރައްޔިތުންގެ ބޭނުންތަކަށާއި ފައިދާއަށް ބޭނުންހިފަމުންއައި އެންމެންގެ ހައްގުމުދަލެވެ. ހޮވާލެވޭ ވަކިޢާއިލާ ތަކެއްގެ މިލްކެއް ނޫނެވެ. ދަރު އެއްކުރާށާއި ދަރުކޮށުމަށާއި އުވަދެމުމަށާއި ވެލިނެގުމަށް، އަދި މިހެންގޮސް ދިވެހިންގެ ހުރިހާ އާންމުދަނީ އެއްގެ އަސްލަކީ ފަޅުރަށްތަކެވެ. ޒަމާނުއްސުރެން އޮންނަގޮތަކީ މިއެވެ. މިރަށްތަކަށް ވަކިބައެއްގެ ނުފޫޒު އެއްގޮތަކަށް ވެސް ނުހިންގޭނެއެވެ. ވަކިޚާއްސަ ޢާއިލާތަކަކަށް މިރަށްތައް މިލްކުކުރެވިގެން ނުވާނެއެވެ. އަތޮޅުތަކުގެ ރައްޔިތުންގެ ނަމުގައި ހިންގާ އަތޮޅުކުންފުނި ތަކެއް އުފައްދައި އެކުންފުނި ތަކުން، އަތޮޅުގެ ފަޅުރަށްތައް ހިންގުން ކިހިނެއް ވާނެބާއޭ ހިތަށް އަރައެވެ! ފަހެ، ކޮންމެވެސް ދުވަހަކުން، މިކަން ހަގީގަތަކަށް ވުމަކީ، ދުރުކަމެއް ނޫނެވެ. އޮޑިޓްކުރެވޭ ގޮތަށް، ރަނގަޅު ފްރޭމެއްގެ ތެރޭގައި މިފަދަ ވިޔަފާރިތައް، ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭނެއެވެ. ރަށްތައް ބިނާކުރުމަށް ފައިސާހޯދާނީ ކުންފުނީގެ ބޮޑު ޕަސެންޓެއްގެ ހިއްސާ ބޭރުގެ ވިޔަފާރި ވެރީންނަށް، ބޮޑުއަގުގައި ވިއްކައި ގެންނެވެ. ފައިދާބަހާނީ، އެއަތޮޅެއްގެ ހުރިހާ ރައްޔިތުންނަށް، ފައިދާއިން ކޮންމެވެސް ބައެއްބަހާ ގޮތަށެވެ. ފުރަތަމަކޮޅުގައި ޢުމުރުން ވަކިވަރަކަށް ވުރެ، ހަގުކުދިންނަށާއި ޢުމުރުން ވަކިވަރަކަށް ވުރެ، ދޮށީމީހުންނަށް ކޮންމެވެސް ވަރެއް ނަގުދުފައިސާއިން ހަމަޖެއްސި ދާނެއެވެ. މިއީ ރާވާލެވިދާނެ ވިޔަފާރިއެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ގާނޫނު އަސާސީ ބުނާގޮތުން އެއްވެސް ބިދޭސީފަރާތަކަށް، 25 އަހަރަށް ވުރެ ދިގުމުއްދަތަކަށް ނުދެވޭނީ، ރާއްޖޭގެ ބިމުން އެއްވެސް މިންވަރެކެވެ. ފަހެ، މިކަން މިހެންއޮތަސް ހިއްސާގަނެ ވިއްކުމަކީ، އާންމުކޮށް ހުޅުވާލެވިދާނެ ކަމެކެވެ. އަދި ފަހުގެ މަރްހަލާއެއްގައި އެގާނޫނުތަކަށް ބަދަލު ގެނެވިދާނެއެވެ. ކަމާގުޅޭ އާގާނޫނުތައް މަޖިލިސް މެދުވެރިކޮށް ހެދިވެސް ދާނެއެވެ.

އާދެ! ހައެއްކަ މަހުޖަނުންގެ އަތްދަށަށް ހުރިހާ މުހިންމު ފަޅުރަށްތައް ގޮސް އެރަށްތަކުގެ ފައިދާ، އެއާއިލާތަކާ ހަމައަށް ބަނދެވިފައި އޮންނަގޮތަށް ބޭއްވި، މިއީ ދުނިޔޭގެ ބެސްޓްޕްރެކްޓިސްގެ ދަޅައިގެ ދަށުން ހުޅުވާލެވޭ މިނިވަން ވިޔަފާރީގެ ސިޔާސަތޭބުނެ އެއްގޮތަކަށް ވެސް ބޭއްވިޔަދީގެން ނުވާވަރުގެ އަނިޔާވެރި ކަމެކެވެ. ފަހެ، މިވިޔަފާރި ވެގެންދާނީ، ފިއުޑަލިޒަމްގެ ރީތިވައްތަރަ ކަށެވެ. އިޤްޠޯޢީ ނިޒާމުގެ ބާވަތަކަށެވެ. ސަރުކާރުގެ ބޮޑުންނާއި ސަރުކާރު ދަމަ ހައްޓައިދޭ ބޮޑުންނަށް، ރައްޔިތުންގެ ހައްގުބިންތަށް ދިގުމުއްދަތަށް ދޫކޮށްލުމަކީ، މިނިޒާމުތެރޭގައި ހިމެނޭ ބާވަތްތަކެވެ. ފަހެ، މިއީ ވަރަށް ޚުދުމުޚްތާރު ގޮތެކެވެ. މިދަންނަވާ ބިންތަކުންނާއި ފަޅުރަށްތަކުން ލިބޭފައިދާގެ ވެރިފަރާތް ތަކަކީ، ހަމައެކަނި ރައީސް މައުމޫނުގެ އިގްތިސާދީ އެޑްވައިޒަރުންގެ ގޮތުގައި، އަރިސް ކުރައްވާފައި ތިއްބަވާ މަދުބައެއްގެ ގޮތުގައި ހަމަޖެހިފައި އޮވެގެން ނުވާނެއެވެ. ރައްޔިތުންގެ ހައްގުމުދާ ކަމުގައިވާ ފަޅުރަށްތައް އެމީހުންނަށް އެއްވެސް އިންސާފެއްނެތި، ހަދިޔާއެއްގެ ގޮތުގައި ވެދުމަށް އެރުވިފައި އޮތަދީގެން ނުވާނެއެވެ. ބޭނުންވާ ދުވަހަކަށް ބޭނުންވާހާ ގޮތަކަށް ގެންގުޅުނަ ދީގެން ނުވާނެއެވެ. ފަންސާސް ފަސް އަހަރަށް، ނުވަދިހަނުވަ އަހަރަށް އެންމެހާ ރައްޔިތުންގެ ހައްގުމުދާ ކަމުގައިވާ ބިންތަކާއި ފަޅުރަށްތައް އަމިއްލަ މަދުބައެއްގެ، އަމިއްލަ ފައިދާގެ ދަށަށް ގެންދިއުމަށް ރޭވޭ ރޭވުން ތަކަށް އެއްގޮތަކަށް ވެސް ޖާގަދީގެން ނުވާނެއެވެ. އަރަބި ދައުލަތްތަކުގެ ބޮޑެތި މަހުޖަނުންނާއި ޔޫރަޕްގެ ބޮޑެތި މަހުޖަނުންނާ ގުޅިގެން ފަތުރުވެރި ކަމަށް ދިވެހި ރައްޔިތުންގެ އެންމެރަށެއްވެސް ދެވެންޖެހޭނީ، އާންމު ރައްޔިތުންގެ ރުހުން ލިބިގެންނެވެ. އަދި އާންމު ރައްޔިތުންނަށް ބޮޑުފައިދާއެއް ސީދާގޮތުން އެޅޭގޮތަށެވެ. މިނޫން ރޭވުމެއްގެ ދަށުން މިފަދަ ވިޔަފާރިއެއް ރޭވި ހިންގިގެން ނުވާނެއެވެ. ގައުމީ އެއަރލައިނެއް، ޝިޕިންލައިނެއް ކީއްކުރަންތޯއެވެ؟ އަދި އެހެން ނަމެއްގައި ވިޔަސް ކީއްކުރަންތޯއެވެ؟ ފަހެ މިކަހަލަ އެއްވެސް ޗާލާކީ ނަމެއްގައި، އިތުރު މަޅިއެއްގައި ދިވެހިރައްޔިތުން ޖައްސައިގެން ނުވާނެއެވެ. ރައްޔިތުންގެ ނަމުގައި ހިންގި އާގުބޯޓުފަހަރު ދުއްވި ކުންފުނި ކޮބައިތޯއެވެ؟ ރައްޔިތުންގެ ނަމުގައި ފެއްޓެވި މަތިންދުއްވާ ބޯޓުކުންފުނި ކޮބައިތޯއެވެ؟ ރައްޔިތުންނަށް މިކަންތައް ތަހްގީގުކޮށް، ބަލައިދޭނެ މުސްތަގިއްލު ކޮމިޝަނެއްވެސް ނެތެވެ. ހިއުމަންރައިޓްސް ކޮމިޝަން އޮތީ، ވަކިއަހަރަކަށް ވުރެކުރީގެ މައްސަލަތައް ބެލުން ބުރަކި ޖައްސާފައެވެ. އެހުންނަނީ ރައްޔިތުންގެ މަޖިލީހަށް ވައިރަސް ވައްދައިގެން ކޮށްފައި ހުންނަނުލަފާ ކަންތަކެވެ. ފަހެ އެފަދަ ގާނޫނުތަކަށް ޒަމާނީ ބަދަލުގެނައުމަކީ، ރައްޔިތުންގެ މަޖިލީހަށް އޮތްޒިންމާ އެކެވެ. ފަހެ، ރައީސް މައުމޫނު ހުންނަވާނީ، މިއިންކޮންމެ ކަމެއްވެސް އޮތްގޮތަށް ދަމަހައްޓަވަން ތައްޔާރަށެވެ. އޭރުން ގިނަދުވަހު ވެރިކަމުގައި ބަގުޑިބައްދައިގެން، އުމުރުދުވަހަށް ވެރިކަން ދެމެހެއްޓޭނެ ތީއެވެ. ބޮޑެތި މަހުޖަނުންގެ ތާއީދު އިތުރުވެ އެމީހުންގެ ރުހުން ލިބޭނެތީއެވެ.

އާދެ! މިހާރުވެސް ވަނީ، ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނަށް އެނގުމަކާނުލާ، އަދި ރައްޔިތުންގެ ރުހުމެއްނެތި، ދައުލަތުގެ ނަމުގައި ރައްޔިތުންގެ ފަރާތުން ސޮއިކުރައްވައި ދުނިޔޭގެ މާލީބޭންކުން، 60 (ފަސްދޮޅަސް) މިލިޔަން ޑޮލަރުގެ ލޯނެއްދޫކޮށް ދެއްވުންއެދި ސޮވެރީން ގެރެންޓީއެއް ދެއްވައި، މިހާރުވަނީ އެލޯނު އެފަރާތަށް ހޯއްދަވައި ދެއްވާފައެވެ. އަދި އެވަރުން ނުފުދިގެން ދައުލަތުގެ ޚަޒާނާގެ ވެރިކަން ދެއްވާފައެވެ. އަދި އެމްއެމްއޭ، ރާއްޖޭގެ ފައިސާއާބެހޭ އެތޯރިޓީގެ ގަވަރނަރުކަން ދެއްވާފައެވެ. ދިވެހިނޫޓުގައި ފަޚުރުވެރި ސޮއި ޖަހާލެއްވުމުގެ ޖާގަދެއްވާފައެވެ. ދެން، ދެވަނައަށް ލިސްޓުގައި އުޅޭ، އެފަދަ މަހުޖަނަށް އެފަދަ މަގާމެއް ދެއްވުމަށް މިހާރުވަނީ ގަސްދު ކުރައްވާ ފައެވެ. އޮތީ ތައްޔާރަށެވެ. ސިޔާސީ ޖެހުންގަނށެއްގެ ސަބަބުން އެކަންނުވެގެން އުޅެނީއެވެ.

ފަހެ، ދަންނާށެވެ! މުއްސަނދި ސައުދާގަރުން ދިވެހިތާރީޚް ދެކެފައިވެއެވެ. އެހެނަސް މިފާޑުގެ ކަމެއް އެދުވަސް ވަރުގައި ކުރައްވާފައެއް ނެތެވެ. ޝަމްސުއްދީނު ރަދުން ގުޅީޢީސާކަލޭފާނަށް ދައުލަތުގެ ޚަޒާނާގެ ވެރިކަމެއް، ބޮޑު ބަނޑޭރިކަމެއް، މާބަނޑޭރިކަމެއް ނުދެއްވައެވެ. ރުއްސުމުގެ ގޮތުން ނޫޓުގައި ސޮއި ޖައްސުވާކަށް ނޫޅުއްވައެވެ. އެހެނަސް ގުޅީޢީސާ ކަލޭފާނު މެންނަކީ، އާދަޔާޚިލާފަށް އަރިސްކޮށް ގެންގުޅުއްވި ސައުދާ ގަރުންނެވެ. ގައުމުގެ ބޮޑުންނެވެ. ފަހެ، ރައީސް މައުމޫނު ކުރައްވާ ކޮންމެކަމަކީ ވެސް އަޖައިބެއް ފަދަ ކަންތަކެވެ. އަމިއްލައެދުން ނުހިމެނޭ ގޮތަށް އެންމެ ކަމެއްވެސް ކުރައްވާފައެއް ނެތެވެ. ސައުދާގަރުން ކަމުގައިވާ މިނިސްޓަރ ގާސިމް އިބްރާހީމާއި މިސްޓަރ ޗްންޕާ ހުސައިން އަފިފު ފަދަ، ބޭފުޅުންނަށް އެކިއެކި އިގްތިސާދީ މަގުތައް ފަހިކޮށް ދެއްވުމުގެ ބަދަލުގައި ރައްޔިތުންގެ ފަތުރުވެރިކަމުގެ ކުންފުނި ކަމުގައިވާ، އެމްޓީޑީސީއަށް ރައްޔިތުންގެ ނަމުގައި އިތުރު ލޯނެއްގެ މަގުފަހިކޮށް ދެއްވައި އެފައިސާއަކީ، ހުރިހާކުދިބޮޑު އެންމެހާ ދިވެހި ރައްޔިތުންގެ ފަރާތުން ކުންފުންޏަށް ޖަމާކުރެވޭ ވަރުގަދަ ހިއްސާއެއް ކަމުގައި ހެއްދެވުމަށް ފަހު، ކޮންމެ އަހަރަކު ހުރިހާ ކުދިބޮޑު ދިވެހީންނަށް ކުންފުނީގެ ފައިދާއިން ކިތަންމެކުޑަ މިންވަރެއް ނަމަވެސް ބަހާލެވޭނެ ގޮތެއް ފަހިކޮށް ދެއްވިދާ ނެއެވެ. މިއީ އުނދަގު ކަމެއްނޫނެވެ. ނުވާވަރުގެ ކަމެއްނޫނެވެ. އާދެ! އެހެންނޫނީ، މިހާރު ކުންފުނީގެ ޖަމާގައި ހުރި ސަރުކާރުގެ ފައިސާއަކީ، ހުރިހާދިވެހީންގެ އެއްޗަކަށް ހަދައި ކޮންމެ އަހަރަކު ފައިދާބެހުމުގައި އެންމެން ހިއްސާކުރެވި ދާނެއެވެ. ރައްޔިތުންގެ ހައްގު މިލްކުއްޔާތުން ރައްޔިތުންނަށް ހައްގުވާ މިންވަރަށް ފައިދާ އެޅެންޖެހޭނެ ކޮންމެވެސް ދޮރެއް ހުޅުވިފައި އޮތުން ބޭނުންތެރިއެވެ. އޭ! ރައީސް މައުމޫނެވެ! މިކަންތައް ކޮށްދެއްވާށެވެ! އެހެންނޫނީ އެމްޓީޑީސީ އުވާލައްވައި ދެއްވާށެވެ! ކޮރަޕްޝަންގެ ދޮރުތައް ބަންދު ކުރައްވާށެވެ! ކުރީ ކުންފުނިތަކެކޭ  އެއްގޮތަށް، މިކުންފުނިވެސް ކޮރަޕްޝަނަށް ދޫކޮށް ލައްވައިގެން ނުވާނެއެވެ!

ފަހެ، ދަންނާށެވެ! އެމްޓީޑީސީ ބޮއިކޮޓް ކުރުމަށްވުރެ އަމިއްލައަށް ވެސް ވަދެވުނު މީހަކަށް، އެކުންފުނީގެ ތެރެއަށް ވަނުމަށް، އަޅުގަނޑު މިގޮވާލަނީ، އެހައްގު ރައްޔިތުންނަށް، ކުންފުނީގެ އާންމު ބައްދަލުވުންތައް މެދުވެރިކޮށް، ހޯދޭނެކަމުގެ ޔަގީންކަން އޮތީމައެވެ. މިކުންފުންޏަކީ، ރާވިއްކާ އޫރުމަސް ވިއްކުމަށް އުފައްދައި ގެންއުޅޭ ކުންފުންޏެއް ކަމުގެ ދީނީ ފަތުވާގައި ޖެހި، ރައްޔިތުންނަށް ހޯދައި ގަނެވެންއޮތް ބާރުކޮޅުވެސް ހޯދަންނޫޅެ، އެހައެއްކަ ސައުދާގަރުންނާއި އެމީހުންގެ އާއިލާތަކުގެ މައްޗަށް މުޅިކުންފުނީ، އެކުގައި ދޫކޮށް ނުލައްވާށެވެ. ހިފޭއްޓުނު ހިސާބަކުން ހިފާއްޓާށެވެ. އަތުޖެހުނު ހިސާބަކުން ހިފާއްޓައި ހަމައަކަށް އެޅުވުމަކީ، ރައްޔިތުންގެ މައްޗަށްއޮތް ލާޒިމުވެގެންވާ ވާޖިބެކެވެ. ފަހެ، އެއީ އެމްޓީޑީސީ ޕަބްލިކް ލިމިޓެޑް ކޮމްޕެނީގެ ހިއްސާދާރުން ބޭނުންވާ ގޮތަށް، އެބާރު ބޭއްވުމުގެ އިޚްތިޔާރު އޮންނާނެ ކަމެކެވެ. އަދި މިކުންފުނި ކޮޅަށް ޖެހުމުގައި ބޮޑެތިބޮޑެތި މަހުޖަނުން ޖަހަމުން ގެންދާ ދަލުގައި ނުޖެހުމަށް ގޮވާލަމެވެ. އެއްހާސް ރުފިޔާއަށް ނުވަތަ ފަސްސަތޭކަ ރުފިޔާއަށް ތިމާގެ އަމިއްލަސޮއި މުޅިއުމުރަށް ވިއްކާ ނުލައްވާށެވެ. ސޮއި ޖަހާލުމުން ފަސްސަތޭކަ ރުފިޔާ ވަގުތީގޮތުން ލިބުނަސް ކުންފުނީގެ ފައިދާކޮޅު ދަމައިގަންނާނީ، ހިއްސާގަންނަ މަހުޖަނު މީހާއެވެ. ނިކަމެތި ދިވެހި ރައްޔިތަށް ދެނީ އެންމެ ފަސްސަތޭކަ ރުފިޔާއެކަންޏެވެ. ފަހެ، މިފަދަ އޮޅުވާލުންތައް ނިކަމެތި ރައްޔިތުންނަށް އޮޅުވާލައިގެން މިޒާތުގެ ނާޖާއިޒު ފައިދާތައް ނަގަމުންގެންދާ މަހުޖަނުން އެކުރައްވަނީ، ދިވެހި ގާނޫނުތައް އަދި ހުރިގޮތުން، ހުއްދަކުރާ ކަމެއްކަމަށް ވެދާނެއެވެ. އެހެނަސް އެއީ ބޮޑުމަކަރެކެވެ. ރައްޔިތުންނަށް އޮޅުވާލާ ބޮޑުވެގެންވާ ހީލަތެކެވެ. ޖަރިމާއެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ. އޭ! ރައްޔިތުންނޭވެ! ސޮއިދީފައި އަމިއްލަ ހިއްސާ، މަހުޖަނުންނަށް ދޫކޮށް ނުލައްވާށެވެ. އޭރުން ކުންފުނީގެ ހުރިހާބާރެއް މަހުޖަނުންނަށް ދެވެނީއެވެ. ފަހެ، ބައެއްމީހުން ޝަރުޢީ ހީލަތްހަދާހެން މިކަން ވެގެންދާނީ ގާނޫނީ ހީލަތަކަށެވެ. އެއްގޮތަކަށް ވެސް ހުއްދަކަމަކަށް ނުވާނެއެވެ. ރައްޔިތުންނަށް އޮޅުވާލާބޮޑު އޮޅުވާލުމަކަށް ނޫނީނުވާނެއެވެ. ދިވެހި އުންމަތަށާއި ދިވެހި ގައުމަށާއި ދިވެހި ދައުލަތަށް އޮޅުވާލެވޭ އޮޅުވާލުމެއްކަން ކަށަވަރެވެ. އެއްގޮތަކަށް ވެސް، އެކަހަލަ މުޑުދާރު ވިޔަފާރިއަށް، ހަމަހިލާ އެކަކުވެސް އެއްބަސް ވެގެންނުވާނެއެވެ. އެއީ ސާފު ކޮރަޕްޝަނެވެ. ވިޔަފާރީގައި މަކަރާއި ހީލަތްހަދާ އޮޅުވާލުމަކީ، ﷲ އާއި ﷲގެ ރަސޫލާ މަނާ ކުރައްވާފައިވާ ކަމެކެވެ. ރަހްމަތާއި ބަރަކާތް ގެއްލޭނެ އަމަލެކެވެ. މަދުބަޔަކަށް ތަނަވަސް ކަމުން، ބައިއަޅާއި އެއާއިލާތަކަށް ކިޔަވައިދީ، ބޭސްފަރުވާ ކޮށްދީ، އިންޕޯޓްޑިއުޓީ މާފުކޮށްގެން މީސްތަކުންނަށް ދެއްކުމަށް މިސްކިތްތައް ބިނާކޮށްދިނުމުން ފުދުނީ ކަމުގައި ދުށުމަކީ، ބޮޑު ވަހުމެކެވެ. ފާފައެކެވެ. ފަހެ، އޮޅުވާލައިގެން އެކިގޮތްގޮތަށް ވެފައިވާ އެއްބަސްވުންތައް ރޫޅާލެވެން ޖެހޭނެއެވެ. މިފަދަ އެއްބަސް ވުންތަކަށް މަގުފަހިކުރާ ގާނޫނުތަކާއި ކުންފުނީގެ ހިންގާގަވާއިދަށް ވެސް ވީހާއަވަހަށް އިސްލާހު ގެނެވެން ޖެހޭނެއެވެ. އެންމެ ފުރިހަމަކޮށް، ރައްޔިތުންގެ ހިއްސާއޮންނަ ސާފު ކުންފުންޏަކަށް އެމްޓީޑީސީ ހަދަން ޖެހޭނެއެވެ. ދައުލަތުންކުރާ ފަތުރުވެރި ކަމުގެ ހުރިހާ މަސައްކަތެއް ރައްޔިތުންގެ މިކުންފުނީގެ ދަށަށް ގެނެވެން ޖެހޭނެއެވެ. އަދި ހުރިހާ ރައްޔިތުންނަށް ހަމަހަމަވާގޮތަށް ފައިދާ ބަހަން ޖެހޭނެއެވެ. އޭ! ﷲ އެވެ! އަޅަމެންނަށް އިޚްލާސްތެރި، ހެޔޮމަގުން، ވިޔަފާރީގެ ހުރިހާކަމެއް ކުރުމުގެ ތައުފީގު ދެއްވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *