އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 މޭ ގައި)
ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް (ބޮޑު މަޖިލިސް) ގެ 83 ވަނަ ޖަލްސާގައި ބަހުސްކުރަން ފެށުނު، ވެރިކަން ހިންގުމުގެ ނިޒާމާބެހޭ މައްސަލާގައި ވޯޓަށް އެއްސެވީ، 87 ވަނަ ޖަލްސާގައެވެ. ފަސްދުވަހުގެ ދިގު ބަހުސް ތަކަކަށް ފަހުގައެވެ. ދައުލަތާއި ވެރިކަން ހިންގުމަށް އެންމެ މަޝްހޫރު ތިންނިޒާމަށް ވަކިވަކިން ވޯޓަށް އައްސަވައިގެން މިއިން އެއްވެސް ވައްތަރެއް ފާހެއް ނުވިއެވެ. ދުނިޔޭގައި މިހާތަނަށް ތަޖްރިބާކުރެވިފައި ހުރިހުރިހާ ވެރިކަމުގެ ނިޒާމުތަކަކީ، މިތިންވައްތަރުން ބޭރު ވައްތަރު ތަކެއްނޫނެވެ. ތަޅުމުގައި ވޯޓަށް އެހުނުވައްތަރު ތަކުން ނެއްޓިގެންދާ ވައްތަރެއް އަދިއެއް ތައާރަފްވެފައެއް ނެތެވެ. ވީމާ ހަގީގަތުގައި ވެސް މިއީ، ދިވެހި ރައްޔިތުން ހިތާމަކޮށް ދެރަވާން ޖެހޭވަރުގެ ބޮޑުކަމެކެވެ. ރިޔާސީ ނިޒާމަށް ލިބުނީ އެންމެ، 16 ވޯޓެވެ. ބަރްލަމާނީ ނިޒާމަށް ލިބުނީ، 39 ވޯޓެވެ. އަދި ދެވައްތަރު އެއްވެގެން ނުކުމެގެން އުޅޭ، މިކްސް ހައިބްރީޑް ވައްތަރަށް ލިބުނީ، މާމަދުންނެވެ. މިނަތީޖާއަށް ބަލާލުމުން، ގިނައީ ވޯޓުނުދެއްވާ ހިމޭނުން ތިއްބެވި މެންބަރުން ނެވެ. ދިގު ބަހުސަކަށް ފަހު، ވޯޓުނުދެއްވީ ގަސްދުގައިކަން، އެއީ އޮޅުމެއް ނެތްކަމެކެވެ. ބޮޑު މަޖިލީހުގައި ހިމެނި، ތަޅުމުގައި ހާޒިރުވެ އިންނަވައި މިއީންގޮތަކަށް، ވޯޓުނުދެއްވި މެންބަރުންނަށް އެހެއްދެވުނީ ވަރަށްބޮޑު ގޯހެއްކަން ކަށަވަރެވެ.
އާދެ! 85 ވަނަ ޖަލްސާއޮތް ދުވަހަކީ، މިބަހުސްގައި ވޯޓަށް އައްސަވައި ގޮތެއްނިންމަން ޖެހޭދުވަހެވެ. ހަގީގަތަކީ، 84 ވަނަ ޖަލްސާގައި ވޯޓަށް އެހޭގޮތް ރީތިކޮށް، ތަނަވަސްކޮށް އޮއްވާ، ރިޔާސަތުން އެކަންއެގޮތަށް ގަސްދުގައި ނުގެން ދެވިކަމެވެ. ފަހެ، ވޯޓަށް ނޭއްސެވި ނޭއްސެވުމެވެ. ރިޔާސަތުން އެއްބާރުލެއްވުން ދެއްވީ، ގާނޫނު އަސާސީއާ ޚިލާފަށް ވޯޓަކާނުލައި ވެރިކަން ކުރަމުން ގެންދާ، ޑީއާރުޕީން ބޭއްވި ސިއްރު މަޝްވަރާ ބައްދަލު ވުމެއްގައި، އެއްބަސްވެ ނިންމާފައި އޮތްގޮތަށެވެ. 85 ވަނަ ޖަލްސާއޮތް އާދީއްތަ ދުވަހު، މިބަހުސް ނުނިންމައި ދިގުދަންމާލުމަށް ނިންމާ އެއްބަސްވެ، އެދުވަހުގެ ޖަލްސާއަށް ޑީއާރުޕީގެ ގިނަބޭފުޅުން ހާޒިރުވެ ވަޑައިގެން، އެޖަލްސާގައި މިބަހުސް ދިގުދަންމާލުމަށް ނިންމެވީ، ގަސްދުގައެވެ. ކުރިޔާލާ ރާވާފައި އޮތީމާ އެކަން ކުރެއްވީ، ސީދާ އެގޮތަށެވެ. ބޮޑުމަޖިލީހުގެ އިއްޒަތްތެރި ރައީސް އައްބާސް އިބްރާހީމް އިންނެވީ ވެސް އެގޮތަށް މަގުފަހިކޮށް ދެއްވައިގެންނެވެ. އެކަން އެގޮތަށް ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންނެވެ. ފަހެ، މިރޭވުމާ އެއްގޮތަށް މަގުފަހި ކުރުމަށްޓަކައި ހުށަހެޅި މައްސަލައަކީ، ޖޫން އެކަކާ ހަމައަށް މިބަހުސްގެ މުއްދަތުދިގު ދަންމާލުމުގެ މައްސަލައެވެ. އެހެންކަމާއެކު، ދެން މިޖަލްސާގައި ވޯޓަށް އެއްސެވީ، 15 ދުވަހުގެ ޗުއްޓީއަށް ފަހު، ޖޫންމަހު އެކެއްގައި ޖަލްސާތައް ފެށޭއިރަށް، އިތުރުޚިޔާލާއި ދިރާސާކުރުމަށް ވަގުތުބޭނުން ވާނެތީ، އެހިސާބަށް ވެރިކަމުގެ ނިޒާމާބެހޭ ބަހުސް ދިގުދަންމާލައި ވޯޓަށް އެހުން ލަސްކޮށް ލުމަށެވެ. ފަހެ، މިގޮތަށް ވޯޓަށް އެއްސެވުމުން، މިގޮތްފާހެއް ނުވިއެވެ. ލިބުނީ ހަމައެންމެ، 39 ވޯޓެވެ. މިއީ ކ.އަތޮޅުގެ އިއްޒަތްތެރި މެންބަރު ފާތިމަތު އާފިޔާ ހުށަހަޅުއްވައި އދ.އަތޮޅުގެ އިއްޒަތްތެރި މެންބަރު މިނިސްޓަރ ގާސިމް އިބްރާހީމް ތާއީދު ކުރެއްވި ގޮތެވެ. މިމައްސަލަ މިގޮތަށް ފާސްނުވިޔަސް، ވެރިކަމުގެ ހުރިހާ ވައްތަރުތަކަށް ވޯޓަށް އެހުނުއިރު، ވޯޓުނުދެއްވާ ހިމޭންކަންމަތީގައި ތިއްބަވައިގެން އެއިން އެއްވެސް ވައްތަރެއް، ނިޒާމެއް ފާސްނުވުމުން، ދިގުދެންމުމަށް ހުށަހެޅުއްވި، މައްސަލަ ހުށަހެޅުއްވި މަގްސަދު ވަރަށް ސީދާކޮށް ހާސިލުވީއެވެ. ވަރަށްރީއްޗަށް ރޭވިގޮތަށް ކާމިޔާބު ކުރެވުނީއެވެ. ވެރިކަމުގެ ނިޒާމުގެ އެއްވެސް ވައްތަރަކަށް ފާސްވާ ވަރަށް ވޯޓު ނުލިބުނީމާ، އަލުން މިބަހުސް ހުޅުވާލެއްވީއެވެ. ހަގީގަތަކީ، އަލުން ބަހުސް ހުޅުވާލެ ވިއްޖެނަމަ، ކުރީގެ ހުރިހާ ހުށަހެޅުމެއް ބާތިލްވުމެވެ. ދެންޖެހޭނީ އަލުން އާހުށަހެޅުން ތަކެއް ހުށަހަޅާށެވެ. ފަހެ، އަލުން މިބަހުސް ހުޅުވާލެއްވޭ ގޮތްވުމުން، ވެރިކަމުން ބޭނުންފުޅުވާ ގޮތަށް، އެންމެރީތިކޮށް ސިޔާސީ މިކުޅިވަރު ދިގުދަންމާ ލެވުނީއެވެ. މުޅިބަހުސް އަލުން ބަލުން ފަށަންޖެހުނީއެވެ. އެންމެރީތި ހެއްވާ ތަންކޮޅަކީ، ދިގުދެންމުމުގެ ޒިންމާ އޮޓޮމެޓިކުން ރައްޔިތުން ކުރިމަތީގައި މިއެޅުނީ އަޅުގަނޑުމެން، ބޮޑުމަޖިލީހުގެ މެންބަރުންގެ އިސްތަށި ފުޅުގައެވެ. މިސިޔާސީ ކަންތައް ގަނޑުރާވާއި ހިންގާލިލެއް ކިހާރީތިތޯއެވެ! ފަހެ، މިއީ ރައީސް މައުމޫނު ކުޅުއްވަމުން ގެންދަވާ ސިޔާސީރާޒުވާ ކުޅިގަނޑެކެވެ.
ފަހެ، ދަންނާށެވެ! ވެރިކަން ހިންގާނެ ނިޒާމެއް ހޯދުމަށް ކުރެވުނު ބަހުސް މުގުރާލާއި ފުނޑުފުނޑު ކޮށްލީ ޑީއާރުޕީ ޒައީމުގެ ޒައާމަތުގެ ދަށުގައި ސްޓެލްކޯ ބިލްޑިންގުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު އެޕާޓީގެ މެންބަރުންގެ ގޮތުގައި ހިމެނޭ، ބޮޑުމަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ބޭއްވުނު މުހިންމު، ސިއްރު ޖަލްސާ އަކުންނެވެ. ޑީއާރުޕީގެ މިފަދަ ބައްދަލުވުން ތަކަށް ބޮޑުމަޖިލީހުގެ އިއްޒަތްތެރި ރައީސް އައްބާސް އިބްރާހީމް ވަޑައިގަންނަވާ ކަމަށް އެމަނިކުފާނުގެ ދޫފުޅުން ވަނީ، ބޮޑުމަޖިލީހުގެ ތަޅުމުގައި ރަސްމީކޮށް އިއުތިރާފް ވެވަޑައިގެން ފައެވެ. ތަޅުމުގައި މިސުވާލު އަޅުގަނޑު އެމަނުކުފާނާ ކުރުމުން ވަނީ، އެގޮތަށް ތަކުރާރުކޮށް ޖަވާބުދެއް ވާފައެވެ. ކޯފާވެއިންނަވައި ގެންނެވެ. އެހެނަސް މިކަމާ ބަހުސް ކުރެވުނުރޭގެ ބައްދަލުވުމަށް ބޮޑުމަޖިލީހުގެ ރައީސް އައްބާސް ވަޑައި ނުގަންނަވައެވެ. ޑީއާރުޕީގެ މިފަދަ ބައްދަލުމުން ތަކަށް ބޮޑުމަޖިލީހުގެ ރައީސް ހާޒިރުވެ ވަޑައި ގެންނެވިޔަސް، އަދި މިހާރަކަށް އައިސް ހާޒިރުވެ ވަޑައި ނުގެންނެ ވިޔަސް، އެޕާޓިގެ ޒައިމުގެ ބަސްފުޅާއި އިރުޝާދުތައް ހިތުގެ އަޑިން ކިޔަމަންތެރި ކަމާއެކު، ބޯލަނބާއި ގަބޫލުކުރައްވައި ބަރާބަރަށް ތަބާވެވަޑައި ގެން، އަމަލު ކުރައްވާކަމުގެ ހެކިތައް ބޮޑުމަޖިލީހުގެ ޖަލްސާތައް ގެންދަވާގޮތުން ފެނި ސާބިތުވެއެވެ. ވެރިކަމުގެ ނިޒާމާބެހޭ ގޮތުން، މިހިނގާ ދިޔަ ހޫނުބަހުސް ނުލާހިކުރީތިކޮށް، 84 ވަނަ ޖަލްސާގައި ނިންމާލެވެން އޮތެވެ. ދެވަނަ ފުރުސަތަށް އެދިލެއްވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުތައް ނިމި ވޯޓަށް އައްސަވާނެ ވަގުތުލިބުނެވެ. އެހެނަސް އެހެން ނުހައްދަވައި ދެވަނަ ފުރުސަތުގައި ތިންމިނެޓަށް ވުރެގިނައިން، އެތައް އިއްޒަތްތެރި މެންބަރުންނަށް، ދިގުކުރެއްވުމުގެ މަގްސަދުގައި އިތުރަށް ވަގުތު ދެއްވައިގެން އެދުވަހުގެ ޖަލްސާގައި ވޯޓަށް އަހަންޖެހޭ ހިސާބަށް ނުގެންގޮސް ޖަލްސާގެ ގަޑި ނިމެންދެން، ނިޒާމުގެ ނުކުތާގައި، އަޅުގަނޑުމެން ހަނދާންކޮށް ދެމުންގެންދިޔަ އިރުވެސް، މެންބަރުންގެ ނިޒަމާބެހޭ ނުކުތާގެ ވާހަކަ ދެއްކެވުންތައް ނުހުއްޓުވައި ދިގުދަންމާ ލެއްވީއެވެ. ނިޒާމާބެހޭ ނުކުތާއެއްގައި ވިހި ފަންސަވީސް މިނެޓްވަންދެން އެއްމެންބަރަކު ވާހަކަދައްކަވާފައި އެބަހުއްޓެވެ. މިއީ ގަސްދުގައި ބޮޑުމަޖިލީހުގެ ރައީސް އައްބާސް ރާވައިގެން ކުރެއްވި ކަމެކެވެ. ހަގީގަތަށް ބަލާއިރު މިނިންމެވުމަކީ، ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު، ޑީއާރުޕީގެ ސިއްރު ބައްދަލުވުމާ ގުޅިގެން ރައީސް މައުމޫނު އަދި ޒައީމު ލަފާދެއްވި ގޮތެވެ. ސްޓެލްކޯގައި ބޭއްވުނު، މިސިއްރު މަޝްވަރާ ބައްދަލު ވުމުގައި ވަރަށްގިނަ ގޮތްގޮތަށް ބޮޑުމަޖިލީހުގެ ޖަލްސާތައް ލަސްކުރުމަށް ބާރުއެޅުމަށް ވާހަކަދެކެވުނެވެ.
އާދެ! ކ.އަތޮޅުގެ އިއްޒަތްތެރި މެންބަރު ފާތިމަތު އާފިޔާއަށް އެރޭގެ ބައްދަލުވުމުގައި ދެންއެންމެ އަވަހަށް އޮންނަ ބޮޑުމަޖިލީހުގެ، 85 ވަނަ ޖަލްސާގައި ވަގުތުލިބޭނެ ކަމާއި އެފުރްސަތުގައި ހުށަހަޅުއްވަންވީ ގޮތް، ލިޔެ ނިންމުމަށް ފަހު ދީފައިއޮތެވެ. ފަހެ، މިކަނބުލޭގެ އަކީ، ކުރީދުވަހުގެ، 84 ވަނަ ޖަލްސާއަށް، އަނގައިން ބުނަންޖެހިދާނެތީ ބިރުން ހާޒިރުނުވި ކަމަނާއެވެ. އާފިޔާގެ ހުށަހެޅުއްވުމަށް މިނިސްޓަރ ގާސިމް، ތާއީދު ކުރައްވާގޮތަށް އޮތީ، ސްޓެލްކޯގެ ބައްދަލުވުމުގައި ހަމަޖއްސާ ނިންމާފައެވެ. މިއީ ވެރިކަމާބެހޭ ބަހުސް ޖޫން އެކަކާ ހަމައަށް ދިގުދަންމާ ލުމަށްޓަކައި ރޭވިރޭވުމެކެވެ. އަޅުގަނޑު މިވާހަކަތައް ބޭޒާރުކޮށް ތަޅުމުގައި ގޮވާހެދީމެވެ. މިކަމަކީ، އަނދިރި ރެއެއްގެ އަނދިރިކަމުގައި ރޭވިގެން ހިންގާނުބާއި ނުލަފާރޭވުމެއް ކަމުގައި ދެންނެވީމެވެ. މަގްސަދަކީ، 2008 ގެ ރިޔާސީ އިންތިޚާބާ ހަމައަށް ދިގުދެންމުން ކަމުގައި ދެންނެވީމެވެ. ހަމަމީގެ ތެރެއަށް ހއ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަހްމަދު މުއިޒް ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. ދިރާސާކުރުމަށް ޗުއްޓީއެއްގެ، 15 ދުވަސް ބޭނުންކުރައްވާ ގޮތަށް ހުށަހެޅުއްވި ހުށަހެޅުއްވުން އަނބުރާ ގެންދެވީ އާފިޔާގެ ހުށަހެޅުމަށް ޖާގަ ދެއްވުމުގެ ބޭނުމުގައެވެ. މުއިޒުގެ ހުށައެޅުއްވުން ނަންގަވަމުން އާފިޔާގެ ހުށަހެޅުއްވުން ބޭއްވުމަށް ވިދާޅުވިއެވެ. މިކަންރޭވިފައި އޮތީ، އެކަކަށް ހާޒިރުނުވެވިގެން ހުޅަނޭޅުނަސް ދެވަނަމީހާގެ ހުށައެޅުން އޮންނަގޮތަށެވެ. މިހާވަރަށް ވެސް ރޭވުންތައް ހުރީގަދަކޮށް ރޭވިފައެވެ. މިގޮތަށް ހަމަޖައްސާފައި އޮތީ، ކުރީދުވަހު އާފިޔާ އަލަށް ވާހަކަދައްކަން ޖެހޭތީ ބިރުން ޖަލްސާއަށް ހާޒިރުނުވީ މައެވެ. ފަހެ، މިކަމާވިދިގެން އެދުވަހުން އެދުވަހަށް ބޮޑުމަޖިލީހުގެ އިދާރާއަށް ދަތުރުފަތުރުގެ އެލަވަންސާއެކު މެންބަރުންގެ ހުރިހާ އެލަވަންސްތަކެއް ފައިނޭންސް މިނިސްޓަރު ގާސިމް، ފޮނުވައި ދެއްވީ، ރައީސް މައުމޫނުގެ އޯޑަރަށެވެ. ސްޓެލްކޯ މާލަމުގައި އޮތް، ޑީއާރުޕީގެ ސިއްރު ބައްދަލުވުމުގައި މަޝްވަރާކޮށް، ނިންމުނު ގޮތަށް ސަޕޯޓްދިނުމުގެ ގޮތުންއެޅުއްވި ފިޔަވަޅެކެވެ.
އާދެ! 87 ވަނަ ޖަލްސާގައި ވެރިކަން ކުރާނެ ނިޒާމެއް ނިންމުމަށް ނެގުނުވޯޓު އެއްވެސް އަތަކަށް ފާސްނުވީ، ރައީސް މައުމޫނު އަދި ޒައީމު ދެއްވި ލަފާގެ މަތިން ޑީއާރުޕީގެ މަޝްވަރާ ބައްދަލުވުމުން ހޯދުނު ހޯދުން ތަކުގެ އަލީގައި އިއްޒަތްތެރި މެންބަރުން ގަސްދުގައި ވޯޓުނުދެއްވީ މައެވެ. ޑީއާރުޕީއަށް ނިސްބަތްވާ ހުރިހާބޭފުޅުން ކޮންމެވެސް އެއްނިޒާމަކަށް ވޯޓުދެއްވި ނަމަ، އެނިޒާމެއް ފާސްވާނެކަން ކަށަވަރެވެ. އެހެނަސް ވޯޓުގައި ބައިވެރިނުވެ ހިމޭނުން ތިއްބެވީ، މިމަޅީގައި ގައުމާއި ރައްޔިތުން ޖެއްސުމަށެވެ. ހަގީގަތުގައި މިއީ، ދިވެހި ރައްޔިތުން ދެރަވެހިތާމަ ކުރަންޖެހޭ ވަރުގެ ހިތާމަވެރި ކަމެކެވެ. ގައުމަށާއި ރައްޔިތުންނަށް ކުރެވުނު އަނިޔާ އެއްކަން ކަށަވަރެވެ.
ފަހެ، ދަންނާށެވެ! ޑީއާރުޕީގެ ޒައީމު ބޮޑަކަށް ރިޔާސަތުގައި އިންނަވައިގެން ގަސްދުގައި ވަކިމަގްސަދެއް އަމިއްލަފުޅަށް ހާސިލުކުރުމުގެ ބޭނުމުގައި ވަރަށްފާޅުގައި ތިޔަކުޅެ ލައްވަނީ، ދިވެހި ރައްޔިތުންގެ ވިންދުތަކާ އެވެ. ފަހެ، އެއީ ރަނގަޅުގޮތް ތޯއެވެ؟ މިއިން އެއްވެސް ވައްތަރެއްގެ ނިޒާމަކަށް ވޯޓުނުދެއްވައި ވަކިގޮތަކަށް ހެއްލިގެން މަޑުންތިއްބެވި ބޭފުޅުންނަށް، ހަގީގަތުގައި މިވެގެންދަނީ، ކިހިނެއްކަން ވިސްނާ ލެއްވީމާ ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. ފަހެ، ތިޔަބޭފުޅުންގެ ޒަމީރުތަކާ، ރައީސް މައުމޫނު އަދި ޒައީމު، ރިޔާސަތުގައި އިންނަވައިގެން ކުރެވޭ މަޝްވަރާތަކުން، ކުޅެލިޔަ ނުދެއްވާށެވެ. ތިޔަބޭފުޅުންގެ ޒަމީރުތައް އެހާބަލިވިޔަ ނުދެއްވާށެވެ. ކޮންމެ އިންސާނެއްގެ ޒަމީރަކީވެސް އެމީހެއްގެ އަމިއްލަ ހައްގެކެވެ. އިއްޒަތާއި ގަދަރު ހިފާއްޓަވާށެވެ. ރައްޔިތުންގެ އިހްސާސްތައް ދެނެގަންނާށެވެ. މެންބަރެއްގެ ހައިސިއްޔަތުން ގާނޫނު އަސާސީއަށް ތަބާވެ، ﷲ ގަންދީކުރެއްވި ހުވަޔަށް އަމާނާތްތެރިވެ، ތެދުވެރި ވެލައްވަންވީ ވަގުތަކީ، މަޖިލީހުގައި ވޯޓުދެއްވާ ހިނދުކޮޅުކަން ޔަގީނެވެ. ރައީސް މައުމޫނުގެ ވިސްނުންފުޅާއި ލިބިވަޑައިގެން ހުންނެވި ތަޖްރިބާގެ މޮޅުކަމުން، ތިޔަ އިއްޒަތްތެރިންގެ “އިއްޒަތުއް ނަފްސާ” އި، ﷲ އަށް ތެދުވެރިވުމާއި ރައްޔިތުންގެ ހައްގުތައް ދިފާއުކުރުން، ބަރުބާދުކޮށްލާއި ވީރާނާކޮށް ލިޔަ ނުދެއްވާށެވެ! ތަޖްރިބާކާރު މޮޅުވެރީންގެ ޖާދުލުގައި ޖެހުނުޒަމާން ފާއިތުވެއްޖެއެވެ. މީގެ ކުރީގައި މިފަދަ ޖާދޫތައް ދެއްކީ، ޖައްބާރު ހެޓިލަރާއި ޖަންގޭޒްޚާން މެންފަދަ ލީޑަރުންނެވެ. މިހާރު އެއީ ފާއިތުވެފައިވާ އުންމަތްތަކެވެ. އެޖައްބާރުންގެ ކިބައިން އިބްރަތާއި ހިކްމަތްލިބި ގަންނަން ވީއެވެ. ވެރިމީހާއަށް ކިޔަމަންގަތުން އޮންނަންވާނީ، ރައްޔިތުންގެ މަސްލަހަތާ ގުޅިފައެވެ. ފަހުދުވަހަކީ، ހަމަކަށަވަރުން އަންނާނެ ދުވަހެއްކަމާއި ﷲ ގެ ގުދްރަތުފުޅަކީ، އަބަދާއި އަބަދަށްވެސް ދެމިހުންނާނޭ އެއްޗެއްކަން ހަނދާނުގައި ބަހައްޓަވާށެވެ. ﷲ ގަންދެއްވައި ހުވާ ކުރައްވައިގެން ތިއްބެވި އިއްޒަތްތެރި މެންބަރުން، އަމިއްލަފުޅަށް ހިތުގެއަޑިން ގަބޫލުކުރައްވާ ވައްތަރެއްގެ ވެރިކަމުގެ ނިޒާމަށް، ވޯޓުނުދެއްވީ، ރައީސް މައުމޫނު އަދި ޒައީމުގެ ނިންމެވުމާ އެއްގޮތުގެ މަތިންނެވެ. ފަހެ، އެހެން ނުހައްދަވާށެވެ. މިގޮތަށް ފާޅުގައި އެއްޗެހި ބުނެވޭގޮތަށް ޖާގަނުދެއް ވާށެވެ. އޭރުން އެކުރެވެނީ، ކިހާވަރެއްގެ ކަމެއްކަމާ މެދު، ވިސްނާލެއްވުން އައުލާވެގެން ވެއެވެ. ބުއްދިވެރިއެވެ. މިޒަމާނުގެ ތަހުޒީބާއި ތަމައްދުނާ ގުޅިފައިވާ އޮޅުވާލުމުގެ ރީތިގޮތްގޮތަށް ރައްޔިތުންނަށް ޚިޔާނަތްތެރި ވެވޭނީ، މިގޮތަށެވެ. ފަސާދައިގެ މިމަގު ޚިޔާރު ކުރައްވާނަމަ، މިނޫންގޮތަކަށް ބެލެވޭނެ ޖާގައެއްނެތެވެ. ﷲ ގަންދީ ހުވާކުރެއްވީ، ރައްޔިތުންނަށް ލާބަޔާއި މަންފާލިބޭ ގޮތަށް މަސައްކަތް ކުރެއްވުމަށެވެ. ބޮޑުމަޖިލީހުގެ ހުވަޔަށް ބަލާލައްވާށެވެ. ގާނޫނު އަސަސީން ލާޒިމުކުރި ހުވާގައި އޮތީ މިގޮތަށެވެ.
“އަހުރެން… މީހާގެނަން… އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިގައުމަށް އިޚްލާސްތެރި ވުމަށާއި ދިވެހި ރައްޔިތުންގެ ހައްގުތަކަށް ރައްކައުތެރި ވުމަށާއި ރައްޔިތުންގެ ޚާއްސަމަޖިލީހުގެ މެންބަރެއްގެ ގޮތުން، އަހުރެން އަދާކުރަންޖެހޭ ވާޖިބުތައް ތެދުވެރިކަމާއެކު، އަމާނާތްތެރި ކަމާއެކު، އަދާކުރުން މަތީ، ދެމިހުރުމަށް، މާތްﷲ ގަންދީ ހުވާކުރަމެވެ.”
ފަހެ، މިހުވާ އެކުލެވިގެން މިވަނީ، ވަރަށް ތެދުސާފު ސާދާ އިބާރާތް ކޮޅަކުންނެވެ. އިޚްލާސްތެރި ވުމަކީ، މިހުވަޔަށް އިހްތިރާމްކޮށް ހިތުގެއަޑިން ބަލައިގަނެ ގަބޫލްކޮށް ބޯލެނބުމެވެ. ދުލުން ކިޔާފަދައިން ހިތުން ގަބޫލުކުރުމެވެ. ބަލައިގަތުމެވެ. މިނޫން ގޮތަކަށް ބޮޑުމަޖިލީހުގެ މެންބަރުން އަމަލު ކުރައްވަން ޖެހޭނަމަ، އިސްލާމްދީނާއި ދިވެހި ރާއްޖެއާއި ގާނޫނު އަސާސީއާއި ލޮބުވެތި ދިވެހި ރައްޔިތުންގެ ހައްގުތަކަށް ހުރުމަތް ތެރިކޮށް ހިތާއި ރައްކާތެރިވުމަށް ލިޔެފައި އޮތްތާގައި، ރައީސް މައުމޫނުގެ ނަންފުޅު ނުވަތަ ވަކިޕާޓީއެއްގެ ޒައީމެއްގެ ނަން ލިޔެވިފައި އޮތީހެވެ. ﷲ ގަންދެއްވައި ހުވާކަށަވަރު ކުރަން މިޖެހެނީ، ސަބަބުތަކެއް އޭގައި ފޮރުވިފައި އޮތީމައެވެ. މިއިން ގޮތަކަށް މިހުވާގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުން، ލިޔެވިފައި ނެތުމުން ޝައްކެއްނެތް ގޮތުގައި ފާޅުވެ އެނގޭ އެއްޗަކީ، މިފަދަ ކަންތައްތަކުގައި އެފަދަ މާއްދީފަރާތްތައް މުޅިން އެއްފަރާތް ކޮއްލުން ލާޒިމުވާ ކަމެވެ. ވެރިޔަކަށް، ރައީސަކަށް، ޒައީމަކަށް ބަލާކަށް ނުޖެހެއެވެ. މިއީ ވެރިންނަށް ވަފާތެރިވުމަށް އަހުދުވެ ކުރާހުވައެއް ނޫނެވެ. ފަހެ، މިގޮތަށް މިމޭރުމުން ދެކުމަކީ، މާކުރީޒަމާނުގެ ބޯދާކަމެކެވެ. މިހާރު ވަނީ، އެޒަމާން ނިމިގޮސް ފައެވެ. އިބްރަތް ލިބިގަތުމަށް މާޒީވެފައި ހުރި ދަރުސް ތަކަކަށް ވެފައެވެ.
އާދެ! ރައީސުލް ޖުމްހޫރިއްޔާއަށް ކިޔަމަންތެރި ވުމާއި ވަފާތެރި ވުމަކީ، މުޅިން އެހެން ކަމެކެވެ. އެބައި އެގޮތަށް ދެމިއޮންނާނެ އެވެ. ގާނޫނު އަސާސީ ލިޔުމާއި އިސްލާހުކުރުމުގައި އެއްވެސް މިންވަރެއްގެ އިސްކަމެއް، ރައީސުލް ޖުމްހޫރިއްޔާއަށް ދެވިއްޖެ ނަމަ، މާއްދިއްޔަތަށް ހެއްލި އެފަރާތަކަށް ކިޔަމަންވެ، ބޯލަނބައި ތަބާވެވު ނީއެވެ. ސިޔާސީ ޕާޓީއަކަށް ނިސްބަތްކޮށް ވެރިކަންކުރާ ޕާޓީއޭބުނެ ބާރުދެއްކިޔަސް، ޒައީމުގެ ހައިސިއްޔަތު ތަކާއި ދަރަޖަތަކެއް އޮތަސް ޒައްރެއްގެ މިންވަރުވެސް މިރޮނގުން އުފުލައިލާ އިސްކަމެއް ދެވިގެން ނުވާނެއެވެ. ތިމާގެދީނާއި ރޫހާނިއްޔަތު ވިއްކާލައްވައި ގެންނުވާނެއެވެ. ވެއްޔާލައި މޮޑެލައްވައިގެން ނުވާނެއެވެ. އެއްލާލައި ގެން ނުވާނެއެވެ. ފަހެ، މިއީ ﷲ އަމުރު ކުރައްވާފައި އޮތްގޮތެވެ. ހަގީގަތަކީ މިއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އަމިއްލަ ނަފްސު އިސްލާހުކޮށް ތެދުވެރިކުރަންވީ، ﷲ އަށެވެ. ޖައްބާރު ވެރިންނަކަށް ނޫނެވެ. ފަހެ، ނަސްރާއި ކާމިޔާބު އޮންނާނީ އޭރުންނެވެ. ޒަމާން ތަފާތުވެ ބަދަލުވިޔަސް، ތަހުޒީބުވެ ކުރިއަރައިގެން ދިޔައަސް، މުއުމިނުންނަށް ހައްގު ނަސްރަކީ، ހޯދޭނެ އެއްޗެކެވެ. ލިބޭނެ އެއްޗެކެވެ. ރޫހާނިއްޔަތަކީ ދެމިއޮތް އެއްޗެކެވެ. ބަދުރު ހަނގުރާމާގައި ނޭނގިތިއްބާ މަތިންނަސްރު އައިހެން މިހާރުވެސް، އީމާން ތެރިކަން ގަދަކުރެވިއްޖެނަމަ، ހަމަ އެނަސްރު ހޯދޭނެއެވެ. ﷲ، މަތިން ބާއްވާލައްވާނެކަން ކަށަވަރެވެ. ލިބޭނެ އެއްޗެއްކަން ކަށަވަރެވެ. ﷲ އަށް އިޚްލާސްތެރި ވާންވީއެވެ. ހުރިހާކަމެއްގެ ނިޔަތް ﷲ އަށް، ޚާލިސްކުރަން ވީއެވެ. ﷲ އަށް ތެދުވެރިވާން ވީއެވެ. ވެރިންނާއި ޒައީމުންދެކެ ބިރުގަތުން މިހާރުންމިހާރަށް ހުއްޓަލަން ވީއެވެ.
ފަހެ، ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށް ދަންނަވާލަމެވެ! ބޮޑުމަޖިލީހުގެ، 83 ވަނަ ޖަލްސައިން، 87 ވަނަ ޖަލްސާއާ ހަމައަށް ޔައުމިއްޔާތައް ހޯއްދަވައިގެން މުޠޯލިޢާކުރެއް ވުމުން މިވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓުނުދެއްވާ ހިމޭނުން ތިއްބެވި ބޭފުޅުން ވަރަށްސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. ވޯޓުނުދެއްވާ ހިމޭނުން ތިއްބެވި މެންބަރުން އެގޮތުގައި އެތިއްބެވީ، ރައީސް މައުމޫނުގެ އޯޑަރަށް ވަކިގޮތެއް ނިންމަވައި ގެންނެވެ. ފަހެ، އެތިއްބެވީ ވެރިމީހާގެ ބަހަށް ވަކިގޮތެއް ޚިޔާރު ކުރައްވައި ގެންކަން ސާފުކޮށް އެންގެއެވެ. އޮޅުންފިލައެވެ. މިޔައުމިއްޔާތައް އާދައިގެގޮތަކަށް މަތިމަތިން ކިޔާލާމީހަކަށް ވެސް، އޮޅުމެއްނެތި މިކަން ސާފުކޮށް އެނގޭނެއެވެ. ފަހެ، މިފަދަ ހާލަތެއްގައި ތިއްބަވައިގެން އަމިއްލަފުޅަށް ގަބޫލުކުރައްވާ، ވެރިކަމުގެ ނިޒާމަށް ގަސްދުގައި ވޯޓުނުދެއްވައި ތަޅުމުގައި ހިމޭނުން ތިއްބެވި، ތިއްބެވުން ބެލެވޭނީ، ﷲ ގަންދީ ކުރެއްވި ހުވަޔަށް، ޚިޔާނަތްތެރި ވެލެއްވީ ކަމުގައެވެ. ފަހެ، ޚިޔާނަތްތެރި ވުމަކީ މިކަހަލަ ނޭދެވޭގޮތުގައި، ސީދާއެންމެހާ ރައްޔިތުންނަށް އަސަރުކުރާފަދަ ނުބައި ކަންތައް ކުރުމެވެ. އެންމެންނަށް ނުބައިފޯރާ މިކަހަލަ ކަންތައް ގަސްދުގައި ކުރުމަކީ، ރޫހާނިއްޔަތަށް ވުރެ މާއްދިއްޔަތު އިސްކުރުމެވެ. ނުސީދާ ފައިދާތަކެއް އަމިއްލައަށް ލިބިގަތުމެވެ. ގައުމާއި ރައްޔިތުންނަށް ވުރެ ރައީސް މައުމޫނާއި ޑިއާރުޕީގެ ޒައީމު އިސްކުރުމެވެ. ﷲ ގެ ރުބޫބިއްޔަތަށް އިސްކަން ދިނުމުގެ ބަދަލުގައި ކޮންމެވެސް އެހެން ފަރާތަކަށް، ކޮންމެވެސް އެހެން ޒާތެއްގެ ޒައީމަކަށް، ނުވަތަބޮޑަކަށް އަޅުވެތިވެ ބޯލެނބު ނީއެވެ. ނޭންގިހުރެ ޝަރީކްކުރެވު ނީއެވެ. ދެންފަހެ މިއީ، ތަންކޮޅެއް ބޮޑުވަރެކެވެ. އެފަދަ ބައެއްގެ މައްޗަށް، ﷲ އަށް ރުޖޫޢަވެ ތައުބާވުން ލާޒިމުވާ ހުއްޓެވެ. އަވަހަށް ތެދުމަގު ޚިޔާރުކޮށް، ﷲ ގެ އަފޫކުރެއްވުމާއި މަޣްފިރަތަށް އެދި، ތައުބާވުން ހުއްޓެވެ. އަވަހަށް ގައުމުގެ ކުރިމަގާއި ރައްޔިތުންގެ ހައްގުގައި ކުރެއްވި ހުވަޔާއެއް ގޮތަށް މަސައްކަތް ފަށައި ގަންނަންވީއެވެ. އަވަހަށް ތައުބާވެ ތެދުމަގު ލިބިގަންނާށެވެ. އިންސާފު ކުރިމަތިވާނެ ދުވަސް އަންނާނެކަން ހަދުމަފުޅަށް ގެންނާށެވެ. ފަހެ އޮޅުމެއްނެތް ގޮތަށް ބަޔާންވެގެންވާ ސީދާސާފުކޮށް އޮތްކަމެއްގައި ރައީސެއް ނުވަތަ ޒައީމެއްގެ އަމިއްލަ މަސްލަހަތަށް ތަބާވެ، ގަސްދުގައި ތިމާގަބޫލުކުރާ ހެޔޮގޮތަށް ވޯޓުނުދެއްވައި ހިމޭނުންތިއްބެވި އިއްޒަތްތެރި މެންބަރުން، ތިޔަކުރެއްވި އަމަލާމެދު، އެއްފަހަރު ނަމަވެސް ވިސްނާވަޑައި ގަތުން މުހިންމެވެ. މުސްލިމަކަށް ވާތީ، މިކަން ކުރެއްވުން ލާޒިމުވާނެއެވެ. ތަޅުމުން މިމަންޒަރު ދެކެފައި އަޅުގަނޑަށް ވަރަށް އަސަރުކުރިއެވެ. ރޮވުނެވެ. ރުޅިއާދެވުނެވެ. ގޮނޑީގައި މަޑުން އިންނަން އުނދަގު ވިއެވެ. އެހެނަސް އަޅުގަނޑު ކުރާނީ ކީއްތޯއެވެ! އޭ! ހައްދަވާބޮޑު ކުރެއްވި ﷲ އެވެ! އަޅަމެންގެ ނިޔަތްތައް ތެދުމަގުގައި ސާބިތުކަމާއެކު، ގަދަފަދަ ކުރައްވާށިއެވެ! ﷲ ފިޔަވާ އެހެންފަރާތް ތަކަށް ބިރުގަތުން، އަޅަމެންގެ ހިތާއި ސިކުނޑިން ނެތިކުރައްވާށި އެވެ! އާމީން!
ނޯޓް: މިމަޒްމޫނު ވިދާޅުވާ ކޮންމެބޭފުޅަކުވެސް އަޅުގަނޑުގެ މަޒްމޫނެއް ކަމުގައިވާ، “ދުލުގެ މިނިވަންކަން!” (ލިޔުނީ: 2006 ޖޫންގައި) މިމަޒްމޫނު ވިދާޅު ވެލެއްވުމަކީ، ވަރަށް ބޭނުންތެރި ކަމެކެވެ. މިމަޒްމޫނުގައި ގެނެވިފައިވާ ބޮޑު މަޖިލީހުގައި ހިންގުނު ވެރިކަމުގެ ނިޒާމާބެހޭ ބަހުސާގުޅުން ހުރި، މުހިންމުބައި ތަކެއް އެމަޒްމޫނުގައި ގެނެވިފައި ވާތީ، މިދެމަޒްމޫނު އެކުގައި ވިދާޅުވުމަކީ، އިތުރު ފައިދާތަކެއް ކިޔުން ތެރިންނަށް ކުރާނެ ކަމެކެވެ. އެމަޒްމޫނު ވެސް އަޅުގަނޑުގެ، މިސައިޓްގައި ފެންނަން ހުންނާނެއެވެ. ޝުކުރިއްޔާ!