ޔާމީނުގެ އެނބުރިއައުން.

އިލްޔާސްހުސައިންއިބްރާހީމް. (ލިޔުނީ: 2008 އޮކްޓޯބަރ 4 ގައި.)

އޮނަރަބްލް ޔާމީންއަބްދުލް ގައްޔޫމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއެވީއޭޝަން، އާދެ! ފަތުރުވެރިކަމުގެ މިނިސްޓްރީ، (ރާއްޖޭގެ އިގްތިސާދުގެ މައިނާރު) އެއްޕާޓީއަށް ވުރެގިނަޕާޓީ އެކުލެވިގެން ބާއްވާއިންތިޚާބު، 2008 އޮކްޓޯބަރ 8 (ބުދަ) ދުވަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ތައްޔާރު ވެފައިވަނިކޮށް، މިފަދަނާޒުކު ދަނޑިވަޅެއްގައި ހަވާލުކުރެއްވުމުގެ ފަހަތުގައި ބޮޑެތި ސިއްރުތަކެއް ފޮރުވިފައި ވާނެކަން ޔަގީނެވެ. މިއީވަރަށްގިނަ ސައްލާތަކަކަށްފަހު، ބޮޑުރޭވުމެއްގެދަށުން އެޅުނުސިޔާސީ ފިޔަވަޅެކެވެ. ޔާމީނު ސިޔާސީޕާޓީއެއް ހައްދަވައިގެން ސިޔާސީ މައިދާނަށް ނުކުންނެވީ، ރައްޔިތުންގެ ބޮޑުތާއީދެއް މިލްކުކޮށް، ހޯދައި ގަނެވޭނެ ކަމަށެވެ. ސަރުކާރުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުވަން ފެއްޓެވީ، މިމަގްސަދުގައެވެ. އޮނަރަބްލް ގާސިމް އިބްރާހީމަށްވުރެ ކުރިން ރައީސް މައުމޫނު، މިޗާންސް ޔާމީނަށް ދެއްވީ އެމަގްސަދުގައެވެ. ހަމައެބޭނުމުގައެވެ. އެހެނަސް ގާސިމު، ޚާއްސަމަޖިލީހުގައި ކުޅެމުންގެންދިޔަ ރޯލުތަކުގެ ސަބަބުން، ޔާމީނަށްވުރެ ކުރިހޯދީއެވެ. ގާސިމުގެ ހިތްވަރާއި މަސައްކަތުން ރައްޔިތުންގެ ތެރެއަށް ފޫއަޅުވާލާފައި ނުކުތީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮޅަކާއެކުގައެވެ. އަތޮޅުތަކުން ފުދޭވަރެއްގެ ތާއީދެއް ދުރާލާރާވައިގެން އަދާލަތުޕާޓީގެ ބޮޑުންގެ ހައެއްކަ ޝައިޚުން ހައްލާލައިގެން އަތުއެޅުވުމަށްފަހު ހޯއްދެވިއެވެ. ފަހެ، އަދާލަތުގެބޮޑުން ގާސިމުގެ ފަހަތަށްޖެހުމަކީ، ގާސިމުގެ ވިސްނުމުގެދަށުން މާކުރިން ދުރާލާރާވައިގެން ހިންގިކަންތައް ތަކެއްގެ ފޮނިނަތީޖާއެވެ. މިއީފާޑެއްގެ، އެހެންޒާތެއްގެ ވިޔަފާރިއެކެވެ. އަތޮޅުތަކުގެ ރަށްތަކަށް، ގާސިމުޒިޔާރަތް ކުރައްވާއިރު، އޭނާ އުފާކޮށްދިނުމަށް، އަންހެން ވެރިންނަށް ފައިސާދީގެން ބެރުޖަހާ ނައްޓުވާއިރު އަދާލަތުގެ ބޮޑެތިޝައިޚުން ފަހަތުގައިތިބޭތަން ފެނެއެވެ.

ފަހެ ދަންނާށެވެ! ޔާމީނަކީ މަޑުން ހުންނަވާނެ ބޭފުޅެއްނޫނެވެ. ވިސްނުންތޫނު ހަރަކާތްތެރި ބޭފުޅެކެވެ. ރިޔާސީވޯޓުގެ ކުރިން މިއޮތްކުޑަ ދުވަސްކޮޅު ތެރޭވެސް ޔާމީނުގެ ހަލުއިހަރަކާތްތައް ފެންނާނެއެވެ. އޭގެ ކުޑަވަރެއްގެ ހެއްކެއްރޭގައި (2008 އޮކްޓޯބަރ 4 ދުވަހުގެރޭ) އެމްޑީޕީ އިއްތިހާދުގެ “މާވެޔޮޖަގަހަ” ރަސްމީކޮށް ހުޅުވުމުގެ ކުޑަޖަލްސާއެއްގައި، މާލެތެރެއިން މީގެ ކުރިން ފެނުނުކަހަލަ މާރާމާރީއެއް ފެނިގެންދިޔައެވެ. ދެމީހެއްގެ އަތުގައި ކަފައިގެންގޮސްފައި ހުރިލޭތައް ފެންނަންހުއްޓެވެ. އެޖަލްސާޖެހުނީ އެކަމާހެދިމެދު ކަނޑާލާށެވެ. ފަހެ، މިހާރުމިވީގޮތުން ގއ.އަތޮޅު މެންބަރު އޮނަރަބްލް އަބްދުﷲ ޖާބިރާއި މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްޕާޓީގެ ވަގުތީރައީސް އަލްފާޟިލް މުހަންމަދުނައީމް ޔާމީނާދިމާއަށް، ކޮޅުބަދަލުކޮށް ލެއްވުމަކީ، އެކަށީގެންވާކަމެކެވެ. ފަހެ، މިވަގުތު ޔާމީނު އެންމެބޭނުންވާނީ، އިތުރަށް ފައިސާކޮޅެއްހޯދައި ރައީސް މައުމޫނަށް ފުރިހަމަ ކާމިޔާބީއެއް ހޯދައިދިނުމެވެ. ފަހެ، މިކަންކުރެއްވެން އޮތީ، އަދި ގާސިމައި ދިމާނުކޮށް ކަމުގައި ވަނީނަމަ، އަދި އެކަމެއް ނުކުރާނެއެވެ. ސީދާގޮތުން ގާސިމާދިމާކޮށެއް ނުގަންނާނެއެވެ. ވޯޓުތައް ބެހިގެންގޮސް ދެވަނަ ބުރަކަށް ގެންދެވޭނީ، ގާސިމާނުކުޅެ ބަހައްޓައިގެންނެވެ. ފަހެ، ދެވަނަބުރަކަށް ގެންދަންޖެހެނީ ކަންތައްތައް ރާވާލުމަށް ވަގުތުކޮޅެއް ހޯދާލާށެވެ. ދުވަހުން ދުވަހަށް އެމްޑީޕީ އިއްތިހާދަށް ތާއީދުއިތުރު ވަމުންދިއުމަކީ، ރައީސް މައުމޫނާއި ޔާމީނު ޚިޔާލުކުރެއްވި ގޮތާޚިލާފަށް ދާކަމެކެވެ. ގުދްރަތުގެނިޔާ ދައްކަމުންދަނީ މާވަރުގަދަކޮށެވެ. އަނިޔާވެރިވެ އަނިޔާލިބިގެންވާ މީހާމެނުވީ، ބުނާބުނުމުން ނުބައިކަން ފާޅުކުރުމަށް ﷲ ލޯބިވެވޮޑިން ނުވެއެވެ. ފަހެ، އަނިޔާ ލިބިއްޖެ މީހާ އެއަނިޔާގެ ވާކަކަދައްކައި އެއަޑުއުފުލައި ފާޅުކޮށް، ޝަކުވާކޮށްއުޅުމަކީ އެންމެރަނގަޅު ކަމެކެވެ. ހުއްދަކަމެކެވެ. ފަހެ، ﷲއީ އައްސަވާ ވޮޑިގެންވާ ކަލަކުކަމުގައި ވެއެވެ. ރައްޔިތުންގެ ރޫހާއި ވިންދުއޮތީ ބަދަލަކަށް ގޮވާލަގޮވާލައެވެ. ރައްޔިތުންތިބީ ބަދަލަކަށް ޖަމާވެފައެވެ. އެއްވެއެވެ. ސަރުކާރުގެ ރޭވުންތަކާ ދިމާއިދިކޮޅަށެވެ. ހިތަށްނުގެނެވޭ އެތައްއެތައް ކަމެއްވެސް އެބަހިނގަމުން ދެއެވެ. އެމްޑީޕީއިއްތިހާދެއް އުފެދި މިހާސަޕޯޓާއި ތާއީދު ބޮޑުވާނެކަމަށް ހީކުރީކާކުތޯއެވެ. އެމްޑީޕީއާ އެކު، ގައުމީއިއްތިހާދުން އެއްބާރުލުމުގެ ގުޅުމެއް އުފައްދާނެކަމަށް އެއްވެސްމީހަކު ލަފާކުރިތޯއެވެ. އަދި ގައުމީޓީވީން ގެނެސްދިން “ސިޔާސަތު” ޕްރޮގްރާމުގައި ރައީސްމައުމޫނު ބައިވެރިވުމުން ދަންނަބޭކަލުން އެހާވަރުއަރުވާލާނެއޭ ހިތަށްއެރީ ކިތެއްމީހުންތޯއެވެ. އެކަކުވެސް ހީނުކުރާކަހަލަ އެތައް ކަމެއްދަނީ ވަމުންނެވެ. ދުވަހުން ދުވަހަށް އެމްޑީޕީ އިއްތިހާދަށް ތާއީދުއިތުރުވެ ފުރަތަމަބުރުގައި ކާމިޔާބުކުރާނެކަން ޔަގީންވަނީއެވެ. ފަހެ، މިކަންޔަގީން ކުރެވިއްޖެނަމަ، ޔާމީނު ހައްދަވާނެގޮތަކީ، ރައީސްމައުމޫނާއި މައުމޫނުގެ އާއިލާއަށް ރާއްޖެދޫކޮށް ދިއުމަށް މަގުފަހިކޮށް ދެއްވާނީއެވެ. ފަތުރުވެރިކަމަށް ރަށްތަކެއްބަހާލައި ހަމައަށް އަޅުވަން ހުރިބައެއް މުހިންމު ކަންތައްތައް ހަމައަކަށް އަޅުވާލައްވާނީ، ވީހާގިނައިން ފައިސާނެގޭގޮތަށެވެ. މިކަހަލަނާޒުކު ވަގުތެއްގައި ދިވެހިންގެ އިގްތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެރިކަމާ އެހަވާލުކުރެއްވީ ވަރުގަދަ ބޭނުމެއްގައިކަން ކަށަވަރެވެ. އޮނަރަބްލް އިލްޔާސް އިބްރާހީމުވެސް ބައްލަވާނީ އައިޖީއެމްއެޗްވެސް ސިންގަޕޫރު ބަޔަކަށްދީފައި ނަގަންހުރި ފައިސާއެއް ނެގުމަށްފަހު، ވަގުތީގޮތުން ދުރަށްޖެހިލާށެވެ. ފަހެ، މިއީ ހުރިހާރައްޔިތުން ވިސްނަންހުރި މުހިންމު ކަންތަކެވެ. މިކަންތައްތަކަށް ބަލާފައި ރައްޔިތުން ވިސްނާއިފިކުރުކޮށް ނިންމަންވީ، ފުރިހަމަބަދަލަކަށެވެ. އެދެންވީފުރިހަމަ ބަދަލަކަށެވެ. ބަދަލު ކުރެވޭނެއެވެ. އެމްޑީޕީއާއި ގައުމީ އިއްތިހާދާ އެކު، ނުކުންނާށެވެ. ތިޔަ އިއްތިހާދަށް ކާމިޔާބު ވާނެއެވެ. މިހާރު ކާމިޔާބު އޮތީ، ޑޮކްޓަރ ވަހީދު ޖެހިލާ އަތަކަށެވެ. ފުރަތަމަ ބުރުގައި ދެވައަށް ގޮސް ދެވަނަބުރަށް ޗާންސް ލިބުމަކީ، ކާމިޔާބުވާނެ ކަމުގެ ވަރުގަދަ ހެއްކަކަށް ވާނެއެވެ. މިހެން ވެއްޖެނަމަ ދެން ނުކުންނާނީ އިދިކޮޅު ޖަމާޢަތްތައް އެކުވެގެން ބޮޑުބަދަލަށެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އިންތިގާލީ މަރުހަލާ އަކަށް ހުރިހާކަމެއް ރެޑީކޮށް ތައްޔާރު ކުރެއްވުމަށް ފަހު، ކުއްލިއަކަށް ގާސިމު ލައްވައި އަސާސީ ކުރުގަޅުވާލާއި އިންތިޚާބު މިބޭއްވީ، ޑޮކްޓަރ ވަހީދު މާލެ އެރުމުންނެވެ. އޭނާގެ ހަރަކާތްތަކަށް ޖާގަދީ، ގިނަދުވަސްތަކެއް ދެވިއްޖެނަމަ، މާގޯސްވެދާނެތީއެވެ. އިތުރަށް ތައްޔާރުވުމަށް މާގިނަވަގުތު ދެވިއްޖެނަމަ، މާބޮޑަށް ސަރުކާރު ރޫޅޭނެކަމަށް ލަފާކުރެއްވި ގެންނެވެ. އިންތިގާލީ މަރުހަލާ ދެއަހަރަށް ނުގެންގޮސް އަވަސް ކުރިވަރަކަށް އެމްޑީޕީ ބަލިކޮށްލަން ފަސޭހަވާނެ ކަމަށް ލަފާކުރެއްވި ޔަގީންވުމުންނެވެ. އަޅުގަނޑު ގަބޫލުކުރާހިތްއޮތީ، އަވަސް އަރުވާލައްވާފައި، މިއަޅުއްވާ ފިޔަވަޅުން ވެސް ބޮޑިބޯން ޖެހޭނެ ކަމަށެވެ. ވަގުތީގޮތުން އިދިކޮޅު ހަރަކާތް ރޫޅިލާފައި އޮތަސް، ރައްޔިތުންގެ ބޮޑުބައެއްތިބީ، ރައީސް މައުމޫނު ވެރިކަމުގައި ގިނަދުވަސް ވުމުން، ވަރަށް ފޫހިވެ، އަވަސް ބަދަލަކަށް ބޭނުންވެފައެވެ.

ފަހެ، ދަންނާށެވެ! އެއްފަހަރުން ބަލިކޮށްލާއި ބަދަލުކުރެވޭނީ، މިއަންނަބުދަދުވަހު (2008 އޮކްޓޯބަރ 8) ގައިއޮންނަ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއިއްތިހާދަށް ކާމިޔާބު ކުރެވިގެންނެވެ. މިކަންވާނީ، ދިވެހިރައްޔިތުން ވޯޓުދީގެން ނެވެ. ފަހެ، މިއަދުން މިއަދަށްވެސް މިއިންތިޚާބުގައި އެމްޑީޕީއިއްތިހާދު ކާމިޔާބުކުރާނެ ކަމުގެޔަގީންކަން ރައީސްމައުމޫނަށާއި ޔާމީނަށް ކަށަވަރު ކުރެވޭވަރުކޮށް ދޭންވީއެވެ. އެއްބައިވަންތަ ކަމުގެ އަމަލުތަކުންނެވެ. ސަރުކާރާއި، ސަރުކާރާ އިދިކޮޅު ބައެއްމީހުންތިބީ، ދެވަނަބުރަކަށް އިންތިޚާބު ގެންދާށެވެ. އެހެނަސް އެމްޑީޕީ އިއްތިހާދުން ފޫގަޅާލާއި އަތުކުރި އޮޅާލަންވީ، ފުރަތަމަބުރުގައި މިއިންތިޚާބު ނިންމައި ނަތީޖާހޯދާށެވެ. މަލްޓިޕާޓީ އިލެކްޝަނަކީ، ކޮންމެހެން ދެވަނަބުރަކަށް ގެންދަންޖެހޭ ކަމެއްނޫނެވެ. ފަހެ، ކޮންމެރަށެއްގެ ރައްޔިތުންވެސް އެކެތިގަނޑަކަށް ވާންވީއެވެ. އެއްބައިވާންވީއެވެ. އެންމެން އެއްބަޔަކަށް ވާންވީއެވެ. ރައްޔިތުންގެބާރު ރައްޔިތުންގެއަތަށް އަނބުރާ ލިބިގަންނަންވީއެވެ. އެއްއަޑަކުން އެއްހަރަކާތެއްގެ ގޮތުގައި ބަދަލަކަށް ޖެހިލަންވީއެވެ. އެނޫންގޮތަކަށް މިފަދަޖައްބާރު ވެރިންތަކެއް ފަހާލެވޭނެގޮތެއް ނޯންނާނެއެވެ. ކުޅުދުއްފުއްޓާއި އިހަވަންދޫންނާއި ތިނަދޫންނާއި ފޯއްމުލަކުންނާ، އަދި އައްޑޫންވެސް އެމްޑީޕީ އިއްތިހާދުގެ އުދުހޭޖަގަހައަށް ކިޔަމުންގެންދެވި ހޫނުމަރުހަބާ ވަރަށް ފުރިހަމައެވެ. އޭގައި ރޫހާނިއްޔަތެއްވާކަން ކަށަވަރެވެ. އެހެރީކީ މީހެއްގެ ގަދަބާރުން ކުރެވޭނެ ކަންތަކެއްނޫނެވެ. ﷲގެ ނަސްރު ހައްގުގޮތަށް އަންނާނީ މިފަދައިންނެވެ. ނޭންގިތިއްބާ ރޫހާރޫހުގުޅި ޖިސްމާޖިސްމުގުޅި އެއްބާރަކަށްވެ ހައްގަށްނަސްރު ދެއްވާނީއެވެ. ފަހެ، އެހިނދުން ހައްގަށް ނަސްރުލިބި ބާތިލުގޮތް ރާއްޖޭން ފޮހެވިގެންދާނެއެވެ. ފަހެ، އޭރުން ހައްގު، ތެދުގޮތުގައި އަންނާނެއެވެ. އަދި ބާތިލުގޮތްނެތި ފިލައިގެން ހިނގައިދާނެއެވެ. ހަމަކަށަވަރުން ބާތިލަކީ، ހީނަރުވެފިލައިގެންދާނެ އެއްޗެކެވެ. އޭރުން، ދެންއޮންނާނީ ނަސްރާއިފަތަހަ ލިބިފައެވެ. ކާމިޔާބުވެފައެވެ. ދިވެހިރާއްޖެއަށް އުފާފާގަތިކަން ވެރިވެފައެވެ. ފަހެ، މިއިންތިޚާބުގައި ހައްގުގޮތުގައި އިސްލާހަށް މަސައްކަތްކުރި މީހުންނަށް ﷲ، ނަސްރުދެއްވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *