އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ: 2007 އޮކްޓޯބަރ ގައި.)
“ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ކުރާއެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ.”
އަޅުގަނޑު މަތީގައި މިލިޔުނީ، ރައްޔިތުންގެ ބޮޑުމަޖިލީހުގައި މިހާތަނަށް އެންމެހޫނު ގަދަކޮށް ބަހުސްކުރެވުނު މާއްދާއެވެ. އެއީ ވަރަށްކުރުކޮށް ވަރަށްޞަރީޙަ ބަހުން، ކިޔާލަން ވަރަށް ދުލަށް ފަސޭހަކޮށް ލިޔެވިފައި އޮތްދެޖުމްލައެވެ. މިއީ އަލަށް އުފައްދާ އަސާސީގެ ބާބެއް ކަމުގައިވާ “އަސާސީޙައްޤުތަކާއި މިނިވަންކަން” މިބާބުގެ ހަތަރުވަނަ މާއްދާއެވެ. ސުބްޙާނަﷲ އެވެ! ޑްރާފްޓިން ކޮމެޓިގެ މިފަދަ ވިސްނުމަށް ހަލާކުހުއްޓެވެ! އާ އަސާސީގައި މިމާއްދާ ހިމެނިގެންދާނީ، ކޮންހިސާބެއްގައި، ކޮންނަމްބަރެއްގެ ދަށުން ކިތަށްވަނަ މާއްދާގެ ގޮތުގައިކަމެއް އަދިއެއްނޭގެއެވެ. ފަހެ ތަރުތީބުން ނޫންގޮތަކަށް، ނުވަތަ ރައްޔިތުންނަށް އެންމެފައިދާ ބޮޑުނޫންގޮތަށް، ޤަސްދުގައި މިބާބުން މާއްދާތައް، މިއަހަރުގެ ތިރީސްއެގާރައަށް (30 ނޮވެންބަރ 2007މ.) އަސާސީ ނިންމާލުމުގެ ބަހަނާގައި އަވަސްއަރުވާލުމަށް ފަހު، ފާސްކުރަން ފެއްޓެވީ ފަރުދާގެ ބިއްދަށުގައި ފޮރުވާފައިވާ ބޮޑުރޭވުންތަކެއްގެ މަތީންނެވެ. ވަކިމަޤްޞަދެއް ޙާޞިލުކުރާށެވެ. އަދި، ރައްޔިތުންގެ ބާރުގެމައްޗަށް އަމިއްލަ، ޝަޚްޞީ ގަދަފަދަކަން އިސްކުރަށްވާފައިވާ، ރައީސްމައުމޫނުގެ ބަގުޑިސަރުކާރުގެ ނުފޫޒު، ރައީސްޤާސިމު މެދުވެރިކޮށް، މުޅި ބޮޑުމަޖިލީހުގެ މައްޗަށް ފޯރުވައި ހިންގައިގެންނެވެ. ފަހެ، އަސާސީގައި ހިމަނާބާބުތަކުގެ ތަރުތީބުން މާއްދާތައް ފާސްކުރަން ފެއްޓެވިނަމަ، މާފަސޭހަވާނެ ނޫންތޯއެވެ! ނުވަތަ އެންމެއަވަހަށް ރައްޔިތުން ތަންފީޒުކުރުމަށް ބޭނުންވެގެން އަޑުއުފުލަމުންދާ، “ޢަދުލްއިންޞާފު ޤާއިމުކުރުމުގެ ބާރުު” މިބާބުގެ މަސައްކަތްނިންމައި ތަޞްދީޤުކޮށް، ޢަމަލުކުރަންފެށިއްޔާ މާރަނގަޅުވާނެ ނޫންތޯއެވެ! ރައްޔިތުންނަށް، މާފައިދާ ކުރީސް ނޫންތޯއެވެ! ހިތާމައަކީ، މިކަހަލަ މުޖްތަމަޢަށް ފައިދާހުރި ރަނގަޅުކަމެއް ރިޔާސަތުން ބާރުއަޅައިގެން ކޮށްނުދެއްވާތީއެވެ. އަބަދުވެސް ރައްޔިތުންނަށް އޮޅުވާލާތީއެވެ. ސިއްރުން ވިދާޅުވަނީ، ފަހުންރަނގަޅު ވާނެއެވެ. އަވަހަށް އަސާސީ ނިންމާލަމާ ހިނގާށެވެ. ރައީސްޤާސިމު ރައްޔިތުންގެ މީހެއްގެގޮތުގައި ބަލައިނުގަނެވެނީ، މިފަދަ އަޑިނޭގޭ ސަބަބުތަކާ، ހެދިއެވެ. އޭނާގެ މިފަދަ ޢަމަލުތަކުން އޭނާއަކީ، ރައީސްމައުމޫނުގެ ވެރިކަން ދަމަހައްޓައިދީ، އަމިއްލަ ވިޔަފާރީ ޙިމާޔަތްކުރުމަށް ގަދައަޅައި މަސައްކަތްކުރާ ސައުދާގަރެއް ކަމާއި، ވެރިކަމުގެ ބާރާއި ނުފޫޒު، ބޮޑުމަޖިލީހުގެ މައްޗަށް ފޯރުވަމުންދާ މީހެއްކަން ސާބިތު ކުރެވެއެވެ. ރައްޔިތުންނަށް ފައިދާކުރާނެ، 21 ވަނަ، ޤަރުނުގެ ކުރިއަރާފައިވާ މިޒަމާނަށްފެތޭ ރަނގަޅު އަސާސީއެއް ހެދުމުގެ ބަހަނާގައި ނާޖާއިޒުކޮށް ހިންގާ، މިޒާތުގެ ނުފޫޒުތަކާއި ބާރައިދެކޮޅަށް، ރައްޔިތުން ފާޅުގައި ނުކުމެ ނޫނެކޭ ބުނަންޖެހޭނެއެވެ. އަދި ފާޅުގައި އެއަޑުއުފުލަން ޖެހޭނެއެވެ.
އާދެ! މިމަޒުމޫނު ވިދާޅުވާ ކޮންމެ ބޭފުޅަކުވެސް، މަތީގައިއެވާ، ބަހުސްކުރެވެމުންދާ މިމާއްދާގެ ދެޖުމްލައަށް މަދުވެގެން ތިންފަހަރު، ވަރަށްރަނގަޅަށް ވިސްނަވައިގެން ވިދާޅުވެލެއްވުން އެދެމެވެ. ތަކުރާރުކޮށް އިލްތިމާސް ކުރަމެވެ. އެބުނަނީ ކީކޭތޯ ވިސްނާލެއްވުން އެދެމެވެ. ސުބަޙާނަﷲ! އަލަށް ހަދާއަސާސީ ދެނެގަންނަން ލިބޭ މިއީ ރަނުގެ ފުރުޞަތެކެވެ. ރައްޔިތުންނަށް އަސާސީއާ ކާރިވުމަށާއި އަސާސީ ދަސްކުރުމަށް އޮތްރަބީޢު މޫސުމެވެ. ފޫހިކަމެއް ނެތި، ޤައުމީ ޓީވީން ދަންވަރު ބައްލަވައި، ޤައުމީ ރޭޑިޔޯއިން މިބަޙުސްތައް ދަންވަރު އަޑުއެއްސެވުން އެދެމެވެ. ތަކުރާރުކޮށް، އިލްތިމާސް ކުރަމެވެ. ނިދާ އެނދުމަތީގައި ރޭޑިޔޯއެއް ގެންގުޅުއްވުން ވަރަށް މުހިންމެވެ. ފަހެ، މިވާހަކަތައް މިދެކެވެނީ ކުރުކުރު ދެޖުމްލައަށް ކަމުގައި ވިޔަސް، މިލިޔެވެނީ، ވަރަށްމާނަފުން ވާހަކައެކެވެ. އަދި މުސްލިމުންގެ ޢަޤީދާއައި ސީދާކޮށް ގުޅިފައިވާ އަސާސްތަކެއް މުގުރާލުމަށް، އިސްލާމްދީނައި ދެކޮޅުބަޔަކު، ވިސްނާއި ފިކުރުކުރުމަށްފަހު، ނެރެފައިވާ އޮޅުވާލުން ތަކެއްއެކުލެވޭ މަފްހޫމެކެވެ. ބަޔަކު އަމިއްލައަށް އުފައްދައިގެން އުޅޭ ޤާނޫނީ އުޞޫލެކެވެ. ހަމައެކެވެ. މިކުރާކަމަކީ، ފިޤުހުޢިލްމުގެ މައިގަނޑު އަޞްލުތަކާއި އުޞޫލުތަކާއި އިޞްޠިލާޙުތައް މުގުރާލައި، ޙަޤީޤީމާނަ އޮޅުވާލައި އިސްލާމީ ޢާޤީދާއަށް ގޮންޖަހާއި ގަސްދުގައި ހަލާކުކޮށް ލަނީއެވެ. މިކަން އަޅުގަނޑުމެން އިސްލާމުން ވަރަށް ރަނގަޅަށް، ސާބިތުކަމާއެކު، ދަންނަންވާނެއެވެ. ނުދަނެ ތިބެ، ނުވަތަ ދަނެތިބެވެސްެ ޤަސްދުގައި ހުޅަގުގެ ލާދީނީ މީހުންނަށް ތަބާވުމުގެ ގޮތުން، މިގޮތްތައް ޤަބޫލުކޮށް، ލިބިގަނެގެން ނުވާނެއެވެ. އަސާސީއަށް މިމަފްހޫމު، އެއްގޮތަކަށް ވެސް ވަށްދައިގެން ނުވާނެއެވެ. އަދި ވެއްދިޔަ ދީގެނެއް ނުވާނެއެވެ. ފަހެ، ދަންނާށެވެ! 17 އޮކްޓޮބަރު 2007މ. ދުވަހުރޭގަނޑު އޮތް، ބޮޑުމަޖިލީހުގެ 181 ވަނަ ޖަލްސާގައި، އިވިގެންދިޔަ އާޔަތަށް ޙަވާދެވުނީ، އަންޢާމް ސޫރަތުގެ 129 ކަމަށެވެ. އެހެނަސް އެއީ ގޯހެކެވެ. ކުށެކެވެ. އެއާޔަތަކީ، އަންޢާމް ސޫރަތުގެ 119 ވަނައާޔަތުގެ ބައެކެވެ. އެއާޔަތުގެ މާނާގައި ވަނީ، މިފަދައިންނެވެ.
“އެކަލާނގެވަނީ، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވާ ތަކެތި ތަފްޞީލުކޮށް ބަޔާންކޮށް ދެއްވާފައެވެ.” ދެންފަހެ، މިއިން އެނގެނީ، ތަފްޞީލުކޮށް ބަޔާންކޮށް ދެއްވާފައިހުރި، ޙަލާލުކަންތައްތައް ކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމެވެ. އަދި ތަފްޞީލުކޮށް ބަޔާންކޮށް ދެއްވާފައިހުރި ޙަރާމްކަންތައްތައް އެއްވެސް ޙާލެއްގައި ކުރުމުގެ ހުއްދައެއް، އަދި އިޚްތިޔާރެއް ވެސް ނުވާކަމެވެ. ހަމަކަށަވަރުން ނެތްކަމެވެ. ﷲ އެކަލާނގެ އަޅުންނަށް ރަޙްމަތަކަށްޓަކައި ވަނީ، ޙަލާލް އަދި ޙަރާމް ކަންތައްތައް އޮޅުމެއްގެ ތެރެއަށް ދޫކޮށްނުލައްވައި، ޙަލާލުކަންތައްތަކަކީ ކޮބައިކަން ބަޔާންކޮށްދެއްވައި، އަދި ޙަރާމުކަންތައްތައް އޮޅުންފިލުވައި ދެއްވާފައެވެ. މިއީ އިސްލާމީ ޝަރީޢަތާއި ފިޤުހު އުޞޫލުތަކުގައި އެންމެފުރިހަމަ އެއްއަސާސެވެ. އެއްބިންގަލެވެ. އެހެނަސް ޤާނޫނުލިޔާ މީހުން ޝަރީޢަތުން ބައެއްނަގައިގެން ގާނޫނުކޮޑިފައި ކޮށްގެން، ޝަރީޢަތައި ފުށޫއަރާ ގޮތަކަށް ނުލިޔެވޭނެއެވެ. އާދަކާދައިގެ ތެރޭގައި ހުންނަ، ހިނގަމުންއަންނަ ކަމެއް ކޮޑިފައިކޮށް ހަދައިގެން ލިޔުނަސް، ޝަރީޢަތުގައި ޙަރާމްކަމެއް ކޮޑިފައިކޮށް ލިޔެޙަލާލެއް ނުކުރެވޭނެއެވެ. އިސްލާމްދީނުގެ އަޞްލުތަކަކީ، 1-ޤުރުއާނެވެ. 2-ރަސޫލާގެ ސުންނަތެވެ. 3-އިޖްމާޢުއެވެ. 4-ޤިޔާސްކުރުމެވެ. ޤާނޫނުތައް ކޮޑިފައިކޮށް ލިޔެވޭނީ މިއަޞްލު އުޞޫލުތަކުގެ ތެރެއިންނެވެ. އޭ! ބޮޑުމަޖިލީހުގެ މުގައްރިރެވެ! އޮޅުވާނުލައްވާށެވެ! ކޮޑިފައި ކުރުމަކީ، ޤިޔާސްކުރުމެއް ނޫނެވެ. އެއީ ޤާނޫނުގެ ޢިލްމުވެރިން ޤާނޫނުތައް އެއްކޮށް ތަދްވީނުކޮށް ލިޔާލިޔުމެވެ. މައްސަލައަކީ ރީތި، ރަނގަޅުހަމައެއް ދައްކައިގެން އެހެން ކަންތައްތަކެއް ކުރަންއުޅޭތީއެވެ. ޝަރީޢަތުގައި ނައްޞެއް ވާރިދުވެފައި ނެތްކަމަކަށް ޤާނޫނެއް ލިޔަންޖެހޭނީ ދީނީޢިލްމު ވެރިން ތިބެގެން ޤިޔާސްކޮށް ރަނގަޅަށް ބަލައިގެންނެވެ. މިނޫން ގޮތެއްނެތެވެ. ދެތިން އިސްލާމީ ޤައުމެއްގެ ބޮޑުވަޒީރުންނާއި މިރާއްޖެއަށް ބަލާނަމަ، ރައީސްމައުމޫނާއި ޝައިޚުމުޙަންމަދު ރަޝީދުއިބްރާހީމާއި މަތީމަޖިލީހުން ފޮނުއްވާ ދެޝައިޚަކު، ހިމަނައިގެން ޖަމާޢަތެއް ގެންގޮސް، އިސްލާމީ ކޮންފަރެންސު ކަހަލަ ބޮޑުމަޖިލީހެއްގައި ނިންމާ ނިންމުމަކީ، އިޖްމާޢެއް ކަމުގައި ބެލެވޭނެ އެއްވެސް ގޮތެއް ނެތެވެ. ފަހެ، މައްސަލައަކީ އިސްލާމީ ޢަޤީދާ ފޮހެވިގެން ގޮސްފައިވާ ކަމެވެ. ބަޔަކު ގަދައަޅާ އިސްލާމީ އަގީދާ ނެތިކޮށް ލަން އިޅޭތީ އެވެ. ދުނިޔޭގައި މިހާރުގިނައީ ޢަޤީދާއާއި ޤާނޫނުތަކައި ވަކިކޮށްގެން އުޅޭމީހުންނެވެ.
ފަހެ، ދަންނާށެވެ! މިކަންކުރީ، ޞަހުޔޫނީންގެ އެންމެޤަދީމީ ޕުރޮޓޮކޯލްތަކުގެ ދަށުން ގިނަވިސްނުން ތަކެއްވިސްނާއި ޖަލްސާތަކަކުން ޤަރާރުތަކެއް ފާސްކުރުމަށް ފަހު، އިސްލާމުންގެ ޢަޤީދާ ހަލާކު ކޮށްލާއި އިސްލާމީ ޚިލާފަތުރޫޅާލާއި ފުނޑުފުނޑުކޮށްލުމުގެ ބޭނުމުގައެވެ. މިއީ ޞަހުޔޫނީ އެދުރުން، މުސްތަޝްރިޤުން (Orientalist) ލައްވައި މުސްލިމުންގެ ހިތާއި ސިކުޑިއަށް ވައްދައިދޭ އެންމެ ވިހަގަދަ ޒަހަރު އެކުލެވިފައިވާ ފިކުރެވެ. އަދި މަފްހޫމެވެ. އެމީހުން ބުނާގޮތުގައި މިއީ ޤަނޫނީހަމައެވެ. މިމަޤްޞަދު ޙާޞިލުކުރުމަށް ޤުރުއާނުގެ ބައެއް އާޔަތްތަކުގެ މާނަކުރުންވަނީ، އެމީހުން ބޭނުންވާ ގޮތަށް ބަދަލުކޮށްލާއި، އިތުރު ބަދަލުގެނެސް ފައެވެ. އަމިއްލަ މަފްހޫމައި އެއްގޮތަށް ތަފްސީރުކޮށް ފައެވެ. މިކަން ކުރަނީ، ހުރިހާއިރަކަށާއި ހުރިހާޒަމާނަކަށް އިސްލާމީ ޝަރީޢަތް ފެއްތުމަށްޓަކައި ކަމަށް ދަޅަދަށްކާއި، ތަހުޒީބީ ޒަމާނާގުޅޭގޮތުން ދޫތަކެއްދީ، ފަސޭހަކޮށްލައި، ފުލެކްސިބަލް ކޮށްލަނީކަމަށް ބުނެއެވެ. އެނަމުގައި އެގޮތްދަށްކައި ގެންނެވެ. އެއްގޮތަކަށްވެސް ދީންފުރިހަމަވެފައި ނެތްކަމަށްބުނެ ކުރާކަމެއްކަން ބޭރުފުށަށް ނުދައްކައެވެ. އެކަން އޮންނަނީ ސިއްރުކޮށް ފޮރުވާފައެވެ.
ފަހެ، މިވިސްނުމުގެ ދަށުން، 1923މ، ގައި ތުރުކީވިލާތުގެ އަސާސީއަށް މިރޫޙުގައި ބަދަލުތަކެއް ގެނެސް ހަދާލިގޮތް ދުނިޔެވަނީ ތަޖުރިބާކޮށް ފައެވެ. އެހެނަސް މިހާރު 2007މ، ގައި އެނބުރި އެދަނީ އިސްލާމީޢަޤީދާ ވަރުގަދަ ވަމުންނެވެ. މުޖްތަމަޢުގައި އިސްލާމީ ކުލަޖެހި، ޢަޤީދާ ވަރުގަދަ ވަމުންނެވެ. މިވަޤުތު ރިޔާސީ ގަނޑުވަރުގައި އިސްއަންހެނާގެ ގޮތުގައި އިންނެވީ، ބުރުގާއެޅުއްވި އަންހެނެކެވެ. ފަހެ، ތުރުކީގައިއޮތް އިސްލާމީޚިލާފަތު ރޫޅާލައި ފުނޑުފުނޑު ކޮށްލުމުގައި ޞަހުޔޫނީން ބޭނުންކުރި، ވަރުގަދަ ޒަހަރަކީ، މިވިސްނުމެވެ. މިފިކުރެވެ. އިސްލާމީ ޝަރީޢަތަކީ ތަރައްޤީ ވެފައިވާ މިޒަމާނަށް ފިޓުއެއްޗެއް ނޫންކަން ދެއްކުމަށް ޤާނޫނީޙުކުމްތަކެއް ނެރެދެއްކީއެވެ. ގާނޫނީ ހުކުމްތަކުގެ ދަޅައިގާ އިސްލާމީ ޝަރީޢަތް ހަދާނުން ފޮހެލީއެވެ. އެ އެއޗަކީ، މިކިޔާ “ރޫލްއޮފްލޯ” އެވެ. އަޅުގަނޑު މެންގެ ޝަރީޢަތް އޮއްބާލީ އެވެ. އެދުވަސްވަރު، ތުރުކީގައި އުފުލީ، މިއަޑެވެ. ޤާނޫނުތައް ވަރުގަދަކުރުމުގެ ރޫޙެއް އުފެއްދިއެވެ. މިކަމާ ގުޅޭ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަށް އުފައްދައި ދިނެވެ. މިކަންކުރީ އިނގިރޭސިން ފައިސާބަހައިގެންނާއި ޤައުމިއްޔަތު ދިރުވައި ދިނުމުގެ ނަމުގައި ސިޔާސީކަންތައްތަކެތް ރާވައި، ކޮށްދީގެންނެވެ. އަދި ތުރުކީގެ ސިޔާސީ ޙަރަކާތްތަކަށް މަދަދާއި ވާގިދީގެންނެވެ. މިހާރުވެސް އިނގިރޭސިން އެކުރަނީ، ސީދާ އެމަސައްކަތެވެ. އެހީތެރިވެދެނީ ޒަމާނީ ޑޮމޮކްރަސީ ގެނެސްދިނުމުގެ ނަމުގައެވެ. ގާނޫނުތައް މުސްތަގިއްލުކޮށް މިނިވަން ކުރުމުގެ ނަމުގައެވެ. ފަހެ، ތަހުޒީބު ވެފައިއޮންނަ މުޖްތަމަޢެއް ބިނާކޮށްދިނުމުގެ ހީލަތްތެރި ހުވަފެން ދަށްކައިގެން ނެވެ. ސިޔާސީ ޕާޓީތަކާއި ސިޔާސީ ޖަމާޢަތްތަކާ، ގުޅިގެންނެވެ. ފަހެ، އެމަސައްކަތް ތަކުގެ ނަތީޖާ ދުނިޔޭގެ ބައެއް އިސްލާމީޤައުމު ތަކުގައި ފެނިގެންދިޔަލެއް ގޯސްކަމުން އެފިކުރިއްޔާތާއި ޚިޔާލާތު މިހާރު ގެންދަނީ އަލުން ބަލުން ރިފޯމުކޮށް، އިތުރަށް ރިވައިސް ކޮށް މުރާޖަޢާ ކުރަމުންނެވެ. އެމީހުންގެ އޮބްޒާވަރުންނާއި ކޯޑިނޭޓަރުން ބައިތިއްބައިގެން ފަލަސްޠީނާއި ޖަޒާއިރުގައި ބޭއްވުނު ޢާންމު އިންތިޚާބުން ދެއްކިނަތީޖާތައް ގޯސްވުމުންނެވެ. ފަލަސްޠީނުގައި ކާމިޔާބުކުރީ، ޙަމާސް ޖަމާޢަތުންނެވެ. ޖަޒާއިރުގައި ކާމިޔާބު ހޯދީ، އިސްލާމިކް ސަލްވޭޝަން ފުރަންޓުންނެވެ. ލެބްނާނުގައި ކުރިހޯދަމުން ގެންދަނީ، ޙިޒްބުﷲ އެވެ. މިރަށް ތަކުގައި އިސްލާމީޢަޤީދާގެ އަހުލުވެރި ރައްޔިތުން، ކާމިޔާބު ހޯދުމާގުޅިގެން މިހާރުގެ އަޑަކީ، އެބަޔަކަށް އެންމެކަމުދާ ގޮތަށް އެބަޔެއްގެދީން ފަސޭހަކޮށްލައި ޤަބޫލު ކުރުމެވެ. ފަހެ، ދީނާއި އަގީދާ، އެބަޔަކަށް ގަބޫލުކުރެވޭ ގޮތަށް ޒަމާނީކޮށް ލަންވީއެވެ. ކަނޑިއާއިބަޑި ދޫކޮށްލައި ފެށި، ފިކުރީ ހަނގުރާމައިގެ ތެރެއަށް މިބައިތައް ވަނީ، އިތުރުކޮށް އިސްލާހު ތަކެއް ގެނެސްފަ އެވެ. ފިކުރީ ހަނގުރާމަ އަށް މިބަދަލުތައް ގެނެވުނީ، އިސްލާމީ ޢަޤީދާއައި ދެކޮޅަށް މި ކުރެވޭ ހަނގުރާމަ އާވަށްތަރަކަށް ޒަމާނީކޮށް، ތަރައްގީ ކުރުމަށެވެ.
ފަހެ، ދަންނާށެވެ! ދިވެހި ރާއްޖެއަށް ވެސް ވަނީ، މި ފިކުރީ ހަނގުރާމާއިގެ އަސަރުތައް ސީދާކޮށާއި ނުސީދާކޮށް ފޯރާފައެވެ. ރާއްޖެއަށް ބަލާނަމަ “ދިވެހިންގެ އިސްލާމް” އޭ ބުނެ، އެހަމަތަކަށް ދިވެހީންގެ އިސްލާމްދީން ބައްޓަންކޮށް ކިޔަވައި ދިނުމުގެ ފިލާވަޅުތަކެއް، ތަޢުލީމީ މަންހަޖަށް ވަށްދާފައިވަނީ، ބޮޑެތިވަމުން އަންނަޖީލުގެ ޢަޤީދާއަކީ، އެއީކަމުގައި ހެދުމަށެވެ. އެފަދަ ވިހަ މަފްހޫމެއް ޅަސިކުޑިތަކުގައި އަށަގަންނުވާއި އުފެއްދުމަށެވެ. އަދި އެހެން ގައުމެއްނަމަ، އެޤައުމުގެ “އިސްލާމް” މިގޮތަށް ބިނާކޮށް، ބައްޓަންކޮށް އެތަނެއްގެ މަންހަޖަށް ވަށްދައި ދިނުމަށެވެ. ފަހަރުގައި އެ އިސްލާމީ ގޮތްތައް ރާއްޖޭގެ އިސްލާމީ ގޮތާ، ތަފާތު ވެދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ފަހެ، މިއީ މިހާރު އީޖާދުކޮށްގެން އުޅޭ މުޅިން އާފިކުރެކެވެ. ކުރިއަރާފައިވާ، 21 ވަނަ ގަރުނުގައި މުސްލިމުންނާ، ހަނގުރާމަ ކުރުމަށް، އެންމެ ފަހުން އީޖާދުކޮށް، ގެނެވުނު ބަދަލަކީ، މިއެވެ. އޭ! އިސްލާމުންނޭވެ! ދަންނާށެވެ! މިއީ އާވަށްތަރެއްގެ ޒަމާނީ ހަނގުރާމައެކެވެ. އިސްލާމުންގެ ފިކުރުތަކާ ކުޅެލުމަށް އީޖާދު ކުރެވުނު މުޅިން އާވަށްތަރެއްގެ ޒަމާނީ ހަތިޔާރެކެވެ. މި ހަތިޔާރުތައް އެތެރެވަރީގެ ގައުމުތަކަށް ހަދިޔާކުރަމުން އެބަގެންދެ އެވެ. މުޅިން ހިލެއެވެ. އެއްވެސް މާއްދީ ބަދަލެއް ނެތިއެވެ. ފަހެ، މިޒާތުގެ ދިރާސާތައް ރާއްޖޭގައިވެސް ކުރެވެމުން އެބަދެއެވެ. ދެރިޕޯޓެއްވަނީ މިހާރުވެސް، ރައީސްމައުމޫނު އަރިހަށް ހުށަހެޅިފައެވެ. ނޭނގި ތިބެނަމަވެސް ނުވަތަ އެނގިގެން ތިބެނަމަވެސް ކުރީގެ ބަންޑާރަނާއިބު ޑޮކްޓަރ ޙަސަންސަޢީދާއި، މާލޭގެ ޢިޒަތްތެރި މެންބަރު އިބުރާއާއި އޭނާގެ އެކުވެރިން ޤުރުއާންމަޖީދުގެ އާޔަތްތައް ކިޔައި ޙަވާލާދެމުން އެހާމަކޮށްދެނީ މިވިސްނުމެވެ. އެބައެއްގެ އިސްލާމްދީނަކީ، އެބަޔަކަށް އެންމެލުއި ފަސޭހަކޮށް އެބަޔެއް ޤަބޫލުކުރާ ޤާނޫނުގެ ޙުކުމްތައް ކަމެވެ. ޤާނޫނު ޝަރުޢު ކުރާނީ، ރައްޔިތުންނަށް ފެންނަގޮތަކަށް ރައްޔިތުންގެ މަންދޫބުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުންނެވެ. އޭރުން ޤާނޫނުތައް ޝަރުޢުކުރުމުގެ ޙައްޤު އެކުގައި މަޖިލީހަށް މިލްކުކޮށްދެވުނީ އެވެ. އޭރުން ދީނަކީ، އެމީހެއްގެ އަމިއްލަ އެއްޗެކަށް ވީއެވެ. ޢަޤީދާއަކީ، އެމީހެއްގެ އަމިއްލަ އެއްޗަކަށްވީއެވެ. ޙަޤީޤަތުގައި، މިއީ އިސްލާމްދީނަށާއި އިސްލާމީ ޝަރީޢަތަށް ފުރައްސާރަކޮށް، މަލާމަތްކުރުމެވެ. މިޒަމާނުގެ ތަރައްޤީއަށް ނުފެތޭދީނަކަށް ވާތީއޭ ކަނޑަ އެޅިގެން ނުބުނެ، ދީނުގައި އޮންނަ ސަމާޙަތުގެ ހުއްދައިގެ ދަށުން، ފަސޭހަކޮށް ލުމަށްޓަކައި ފުލެކްސިބަލްކޮށްލައި ހުރިހައި ކަމަކަށާއި ހުރިހައި މުޢާމަލާތަކަށް، ޤާނޫނުތަކަކުން ޙުކުމްތައް ނެރެން ޖެހެނީކަމަށް ވިސްނައިދީ، ބުނެދެވުނީއެވެ. “ރޫލްއޮފްލޯ” އޭ ކިޔާމަފްހޫމެއް ނެރެދައްކައި މަޖިލީހުން ހުރިހާ ކަމެއް، ޝަރުޢު ކުރުވާ ތަންފީޒު ކުރުވަނީއެވެ. ހުރިހާކަމަކަށް ދެން ހުންނާނީ ފާސްކުރާ ގާނޫނުތަކެކެވެ. މިއީ ތުރުކީގައި އޮތް އިސްލާމީޚިލާފަތު ވައްޓާލުމަށް ރޭވުނު ރޭވުމުގެ ދަށުންެ، މިއަދާހަމައަށްވެސް ދިރުވަމުން ފަތުރަމުން އަންނަ ކަމެކެވެ. ވިސްނުމެކެވެ. އިސްލާމީޢަޤީދާ ޤަތުލުކޮށް، ނެތިކޮށްލާން ހިންގާ ވަރުގަދަ ޖަރީމާއެކެވެ. ވެރިކަމުގެ ދާއިރާއިންނާއި ދައުލަތުގެ ސިޔާދަތާއި ސިޔާސަތާއި ޤާނޫނުއަސާސީގެ ތެރެއިން ޢަޤީދާ މުޅިން، ބޭރުކޮށްލުމަށް އުފައްދައިގެން އުޅޭ ފިކުރީ މަފްހޫމެކެވެ. މަޤްޞަދަކީ، ދުސްތޫރާއި ޤާނޫނުއަސާސީގެ ތެރެއިން ޢާޤީދާގެބައި ނެރެވަކިކޮށްފައި ބޭއްވުމެވެ. އިސްލާމީޤައުމުތައް ރޫޅާލާއި އިސްލާމްދީނައި ދުރުކޮށް، ޢިލްމާނިއްޔަތުގެ ދުނިޔެވީ، ލާދީނީ، އަދި، ރޫޙާނިއްޔަތެއް ނެތް، ސެކިއުލަރ (Secular) ގޮތްތައް ފެތުރުމަށް ބޭނުންކުރަމުންދަނީ، މިޒާތުގެ ވިހަގަދަ ޒަހަރުން ފުރިގެންވާ ވިސްނުންތަކެވެ. ފަހެ، ދީނައި ދައުލަތް ވަކިކުރުމަކީ މިއެވެ. ޢަޤީދާއައި ޤާނޫނުތައް ވަކިކުރުމަކީ މިއެވެ. މިރޭވުން ރާވައިދީފައިވަނީ، އިސްލާމީ ދަރިވަރުންނަށް އެނގުމަކައިނުލާ އެމަހްފޫމް ހިތުގެއަޑިން، ޤަބޫލުކުރެވޭހާ މޮޅަށެވެ. ރީއްޗަށެވެ. ނޭނގިތިއްބާ ލާދީނީ ފޭރާމުން، ސިކުނޑި ޒީނަތްތެރިކޮށް ލެވޭގޮތަށެވެ. ފަހެ، ނޭނގި ތިއްބައި އިސްލާމުންގެ ޢަޤީދާއައި ކުޅެލަނީއެވެ. ވިހަކޮށްލަނީއެވެ. މާއްދިއްޔަތަށް ލަންބުވާލަނީ އެވެ. އިސްލާމީ ޢަޤީދާއައި ދެކޮޅަށް ރާވައިގެން ހިންގާ ފިކުރީ ހަނގުރާމައެއް ފުރިހަމަ ކަމާ އެކު، ކާމިޔާބު ކުރަނީއެވެ. އާންމުރައްޔިތުން ނަށް، ވާނުވާއެއް ނޭނގި ތިއްބައެވެ. މިކުރެވޭ މަސައްކަތަކީ، އިސްލާމީ ދައުލަތްތަކުގެ ރައްޔިތުން، އިލްޙާދު (އެއްވެސް ދިނެއް ގަބޫލުނުކުރާ) ކުރުވުމެވެ. އެތިސްޓުންނަށް ހެދުމެވެ. މަގްސަދަކީ، ކަނޑައެޅިގެން ހިތުގެ އަޑިން ގަބޫލުކުރާ އެއްވެސް އަގީދާއެއް ނެތިކޮށް ލުމެވެ. ދީނީ އަގީދާ އައި ވިސްނުން ތަކުން އެއްކިބާ ކޮށް ލުމެވެ.
ފަހެ، ދަންނާށެވެ! އިސްލާމްދީނު ފުރިހަމަވަނީ، ޢަޤީދާގެ މައްޗަށެވެ. އެއީދީނުގެ ބިންގަލެވެ. އަގީދާގެ އަސްލު ކަމުގައިވާ ނަމާދަކީ، ތަނބެވެ. އިސްލާމީ ޝަރީޢަތް ޝަރުޢު ކުރައްވާފައިވަނީ، ޢަޤީދާގެ މައްޗަށެވެ. ނަމާދު ކުރުމުގެ މައްޗަށެވެ. ޣާއިބަށްވާ ވަރުގަދަ އީމާނެއްގެ މައްޗަށެވެ. މާއްދިއްޔަތުގެ ފެންނަންހުންނަ މާއްދާއެއްގެ މައްޗަކަށް ނޫނެވެ. ޤުރުއާން ފައްޓަވާފައި ވަނީ، ނަމާދުޤައިމު ކުރުމަށް ގޮވާލެއްވުމުގެ ކުރިން “ޣައިބަށް” އީމަންވުމަށް ގޮވާލައްވަމުން ނެވެ. ބަޤަރާސޫރަތް ފެށޭތަން ބައްލަވާށެވެ. ވަޙީބަސްފުޅުގެ މާނާގައިވަނީ މިފަދައިންނެވެ.
“އެފޮތާދޭތެރޭގައި ކުޑަވެސް ޝައްކެތްނެތެވެ. އެފޮތަކީ، ތަޤުވާވެރީންނަށް ހިދާޔަތެކެވެ. އެ ތަޤުވާވެރީންނަކީ، ޣައިބަށް އީމާންވެ ނަމާދު ޤައިމުކޮށް، ތިމަން ﷲ، އެބައިމީހުންނަށް ދެއްވިތަކެތީން ހެޔޮގޮތުގައި ހޭދަކުރާމީހުންނެވެ.”
ފަހެ، ދަންނާށެވެ! ﷲގެ، މިބަސްފުޅުން ޞަހުޔޫނީން ނެރެގެންއުޅޭ އެއްވެސް އަޞްލެއް، ބިންގަލެއް ނެތް، މިމަހްފޫމު މަރާލައެވެ. ނެތިކޮށްލައި ވަޅުލައެވެ. އާދެ! ޣައިބަށް އީމާންވުން، ނަމާދަށް ވުރެ އިސްކުރައްވާފައި ވަނީ، އަގީދާގެ މުހިންމު ކަމުންނެވެ. ޣައިބަށް އީމާންވާން ޖެހޭ ތީއެވެ. އެއީ އަގީދާއެއް ބިނާވުމުގެ އަސްލެވެ. ފަހެ، ނަމާދުކުރެވޭނި އަގީދާއެއް އޮވެގެން ނެވެ. ފެންނަންނެތް އެއްޗެއް ހިތުގެއަޑިން ގަބޫލުކުރެވި ގެންނެވެ. ވަރުގަދަ ބިންގަލެއް އޮވެގެންނެވެ. ތަނބުޖެހޭނީ، އޭގެ މަތީގައެވެ. އެނޫން ގޮތަކަށް ކޮންކްރީޓްކޮށް، ވަރުގަދަކޮށެއް ނުހުންނާނެއެވެ. ދެންފަހެ، ޞަހުޔޫނީން ނެރޭ މިޒާތުގެ ވިހަގަދަ ވިސްނުންތަކަކީ، އިސްލާމުންގެ ވަރުގަދަ ޢަޤީދާގެ ހިތްވަރާއި ޢަޒުމް، ވަރުގަދަކަމުން އަޑީގައި ފޮރުވިގެންތިބެ ނެރެ، ދައްކާޙަސަދަ ވެރިކަމެކެވެ. ރުޅިވެރި ކަމެވެ. ތުރުކީއަށްވުރެ މާފަހުން، އަފްޣާނިސްތާނަށާއި ޢިރާޤަށް ހަދައިދިން، އަސާސީގައިވެސް މިފަދަ ފިކުރުތައްވަނީ، ވައްދާފައެވެ. ވަޅުލާފައެވެ. މިރާއްޖޭގައި ހަދަމުންދާ އަސާސީއަށް ވެސް ވެއްދޭތޯ އެއުޅެނީ، ހަމައެއަކަންތަކެވެ. ހަމަލާދީނީ އެއަސަރުތަކެވެ. އެގޮތްތަކެވެ. އެވިސްނުން ތަކެވެ. ޑުރާފްޓްކޮމެޓިން ބޮޑުމަޖިލީހުގެ ނުރަސްމީ ބައްދަލުވުންތައް ފަށްޓަވައިދެއްވި ޖަލްސާގައި މުޤައްރިރު “އިބުރާ” އަށް، ބޭއިޚްތިޔާރުގައި “މިޑުރާފްޓްހެދީ، އަފްޣާނިސްތާނާއި ޢިރާޤުގެ އަސާސީއަށް ބަލައިގެން” ނޭވިދާޅުވެވުނެވެ. މި ޖުމްލައަށް ޢިއްޒަތްތެރި މެންބަރުންގެ ޙަމަލާތައް ސީދާކޮށާއި ނުސީދާކޮށް ވަގުތުން ރައްދުވާން ފެއްޓުމުން، ރާޤުއެހެންގޮތަކަށް ބަދަލުކޮށް ލެއްވިތަން ފެނުނެވެ. ކުވޭތުފަދަ ޢަރަބި ޤައުމުތަކާއި ޕާކިސްތާނު، މެލޭޝިޔާފަދަ އިސްލާމީ ޤައުމުތަކުގެ އަސާސީތައްވެސް މުޠާލިޢާ ކުރެއްވިކަމަށް ބަލިރާގަކުން ވިދާޅުވީއެވެ. އަދިވެސް ބޮޑުމަޖިލީހުގެ 185 ވަނަ، (22 އޮކްޓޫބަރު 2007މ،) ވީހޯމަދުވަހުގެރޭ އޮތް ޖަލްސާގައި މުޤައްރިރު ބޭއިޚްތިޔާރުގައި އޭނާކަން ކުރައްވާގޮތުގެ ޙަޤީޤަތެއް ބޭއިޚްތިޔާރުގައި ވިދާޅުވެދެއްވުނެވެ. ރެކޯޑިން ހޯއްދަވައިގެން ދިރާސާ ކުރައްވާށެވެ. އިންސާނުން، އަޅުވެތިނުކުރުމާއި މަޖުބޫރުން މަސައްކަތް ނުކުރުވުމުގެ ބަހުސުގެ ތެރޭގައެވެ. “ތިމަންނާ ހުރިހާމާއްދާއެއް ޑުރާފްޓްކުރާއިރަކު، އިސްލާމްދީނަކަށް ނުބަލަން” މިޖުމްލަ ދުލުން ބޭރުކުރެއްވި އެވެ. ހަމަ އެއަޑު ބޭރުވުމާއެކު، ތަޅުމުގެ އެކިދިމަދިމާއިން ނިޒާމީޙަމަލާތައް އޮހެންފެށުނެވެ. އަޅުގަނޑުއިނީ ވަރަށް ވިސްނާއެވެ. ދެން މުޤައްރިރުގެ ވިސްނުންފުޅު ތޫނުކަމާއި ހުޝިޔާރުކަމުން ވާހަކައިގެ ރާޤުއެހެން ދިމާއަކަށް މިފަހަރުވެސް ގަސްދުގައި ބަދަލުކޮށްލެއްވީއެވެ. ވަރަށް ޗާލާކު ގޮތަކަށެވެ. އާދެ! މުޤައްރިރުގެ ވާހަކަފުޅުތަކުން، ޑުރާފްޓް ކުރެވިފައި އޮތްލެއް ދީނާއި ޢަޤީދާއައި ދުރުކަން ކިތެންމެހައި ވެސް ރަނގަޅަށް ސާބިތުވެއެވެ. މިޑުރާފްޓް އެކުލަވާލީ، ޕްރޮފިސަރ ޝުމައިޒާޑަގްލަސް އޭ ކިޔުނު ބިދޭސީ (ކެނެޑާ) ބޭފުޅެއްގެ އެހީގައެވެ. އޭނާގެ ޚަރަދުބަރަދުތައް ބަލަހައްޓައި ދެނީވެސް، ބިދޭސީންގެ އެހީންނެވެ. މީނާދެދުވަހެއްގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ވައްދައިފައި އިނެވެ. މުގައްރިރުގެ އެހީގައެވެ. އިންނެވީ ނޯޓުފޮތަކާއި ޤަލަމެއް ހިތްޕަވައިގެން ދިވެހީންނަށް ކަމުދާ އަސާސީ އެއް ހަދައިދޭން ތައްޔާރަށެވެ. އަޅުގަނޑު މިމައްސަލަ ޖައްސާއި އޭނާގެ ފަތިފުއް މަޖިލީހުގައި ގޮވާހެދީމެވެ. އޭނާގެ ފޮރުވިފައިވާ މަގްސަދު ހާމަކުރީމެވެ. ފަހެ، އަސާސީލާދީނީ ކުރުމަކީ، ދިވެހީން، ސައްތައިން ސައްތަ އިސްލާމުންނަށްވާތީ، އެއިސްލާމީ ވަންތަކަން ކަނޑުވާލެވޭނެ ހުރިހާ މަގެއްފަހި ކުރުމެވެ. މިބޭނުމާއި މަޤްޞަދުގައި ނެރެދަށްކާ އެއްޗަކީ، ކުރީގައި ދެންނެވުނު، “ޤާނޫނުގެ ޙުކުމް” ނުވަތަ “ރޫލްއޮފްލޯ” އެވެ. މިމަފްހޫމުތައް އިސާސީއަށް ވައްދަންޖެހެނީ، އިސްލާމުންގެ ޢަޤީދާބަލިކަށި ކޮށްލާއި ލާދީނީ ކުރުމުގެ ފުރަތަމަ ފިލާވަޅުގެ ގޮތުންނެވެ. އިސްލާމުން ރޫލްއޮފްލޯ އޭ، ގަނޫނުތަކަށް ގާނޫނީ ބިނާކުރުން ގެނެސްދޭ ބިންގަލަކީ، ރައްޔިތުންގެ މަޖިލީހޭ ގޮވާ، މިނަގަނީ، ހުޅަގުން އުފެއްދި ފިކުރީ ހަނގުރާމައިގެ އަސަރުންނެވެ.
އާދެ! ހުރިހާ ޤާނޫނުތަކެއް ލިޔެވި، ފުރިހަމަ ވެފައިހުރީ ކޮން، އިސްލާމީޤައުމެއް ގައިތޯބުނެދީ ބައްލަވާށެވެ! ވިރާޘީ މުދާބަހާނެގޮތް ތަފްޞީލުކޮށް ޤާނޫނެއްގެ ސިފައިގައި ލިޔެފައި އެބަހުރިތޯއެވެ! ނެތެވެ. ނޯންނާނެ އެވެ. ފަހެ، މައްސަލައަކީ، މިކަންއޮތީ މިހެންކަން ރަނގަޅަށް ދަނެތިބެ، އަސާސީގައި “ޤާނޫނަކުން، ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވާކަމަށް” ލިޔަން، މަސައްކަތް ކުރާތީއެވެ. އަދި ރަތްކުލައިން، ފާހަގަކޮށްލަން ޖެހޭކަމަކީ، މާލޭގެ ހަތަރު ގޮޑިންނާއި ރައްޔިތުންމަޖިލީހުގެ ރައީސް އޮނަރަބްލް ސީނާ އަހްމަދު ޒާހިރާއި ޏ.މެންބަރު މުޙަންމަދު އިބްރާހީމްދީދީ (މޮޑީ) މިމަފްހޫމަށް ތާއީދުކޮށް ބާރުއަޅައި ވާހަކަދެއްކެވުމަށް ފަހު، މިގޮތަށްފާސް ކުރުމަށް ވޯޓުދެއްވީތީއެވެ. މިކަމަކީ، އިސްލާމީ ދިވެހި ރައްޔިތުން ރަތްކުލައިން ފާހަގަކުރަން ޖެހޭނެ ކަމެކެވެ. ދިވެހި ތާރީޚަށްޓަކައެވެ. މިއީ، ސައްތައިން ސައްތަ އިސްލާމުން ހިތާމަ ކުރަންޖެހޭ ވަރުގެކަމެކެވެ. އަދިމިއީ، ހުޅަގުގެ ކޮލެޖްތަކުގައި ކިޔަވައި ދެއްވަމުން ގެންދާ މުސްތަޝްރިޤުންގެ ފަރާތުންނާއި، ސިލޯނުގެ ޓްރިނިޓީކޮލެޖުން ބައެއްދިވެހި ދަރިވަރުންނަށް ދެވިފައިވާ ތަރުބިއްޔަތުގެ އަސަރުކަން ކަށަވަރެވެ. ޓްރިނިޓީ ކޮލެޖުން ތަޢުލީމު ހާސިލުކުރެއްވި ދިވެހީންގެ ދަރީންނަށް އޭރު ދެވިފައި ހުރި ނަންތަކަކީ، މިއަސަރު ކޮށްފައި ހުރިކަމުގެ ފުރިހަމަ ދަލީލެކެވެ. އިސްލާމީ ދިވެހި ދަރީންގެ ގޮތުގައި “އަޒްމިރަލްޑާ” އާއި “ޖެނީފާ” ފަދަ ކުދިން އުޅެން ޖެހެނީ މިފަދަ އަސަރު ތަކުގެ ނަތީޖާއިން ނެވެ. އަޒްމިރަލްޑާ އަކީ ސިނާޒާހިރަށް މާރީތިވި ނަމެކެވެ. ޖެނީފާއަކީ ގޯގޯލަތީފަށް މާގަޔާވާ ނަމެކެވެ. މިކަން މިހެންވަނީ، އަގީދާ އާއި ނަމާދާ ދުރުވުމުން ނެވެ. ލެބްނާނަށް އުފަން މަޝްހޫރު ޅެންވެރިޔާ، އަދި “ރޫޙުތައް” މިފޮތާއި “ނަބީ” މިފޮތާ، އަދި “ބިމުގެއިލާހު” ފަދަ، މިފޮތްތައް ލިޔުއްވާފައިވާ، ޚަލީލުޖަބްރާނާއި، ޔޫނާނަށް އުފަން މަޝްހޫރު ފަލްސަފާވެރިޔާ، އަދި “ޖުމްހޫރިއްޔާ” މިފޮތާއި “ސިޔާސަތު” މިފޮތާއި “ޝަރީޢަތް” ފަދަ، މިފޮތްތައް ލިޔުއްވާފައިވާ އަފްލާޠޫން، ހެދިގެން ކޮޕީކޮށްގެން އުޅޭ، ދިވެހީން މަދުން ނަމަވެސް، އެބަ އުޅެއެވެ. އަދި އެއްނަމްބަރުގެ މުސްތަޝްރިޤުންނަށް ހެދިގެން އުޅޭދިވެހީން ވެސް އުޅޭތަން ފެނެއެވެ. ފަހެ، މިއީ ޒަމާނީ ތަރައްގީ ތޯއެވެ؟ ނުވަތަ އަމިއްލަ އަގީދާ ނަގާލާއި އިލްޙާދު ވުން ތޯއެވެ؟ ނުވަތަ ފެޝަނެއް ތޯއެވެ؟
ފަހެ، ދަންނާށެވެ! އަނެތްކޮޅުން އދ.އިން މުޅިދުނިޔެއަށް އުފުލާއަޑަކީ، ބައިނަލް އަޤްވާމީ މުޢާހަދާ ތަކުގެދަށުންނާއި އިންސާނީ ޙައްޤުތަކުގެ ދަށުންނާއި އެއްވެސްކަހަލަ ޤާނޫނެއްގެދަށުން، އެއްވެސް ދީނެއްގައި ހިމެނޭ އަޅުކަމަކީ، މަނާކުރެވޭނެ ކަމެއްނޫނެވެ. އެއީ މިނިވަންކަމާއެކު، ލިބިގެންވާ އަސާސީޙައްޤެއް ކަމަށެވެ. ހުރިހާދީނެއްގެ މީހުންނަށް އެއްވެސް ކަހަލަ ތަފާތުކުރުމެއް ނެތި، އަޅުކަންކުރުމުގެ ހުއްދަ ޤާނޫނުތަކުގެ ދަށުން މިނިވަން ކަމާއެކު، އެމީހެއްގެ ޒަމީރަށް ގަބޫލުކުރެވޭ ގޮތަށް ހުޅުވާލެވިފައި އޮންނަން އެބަ ޖެހެއެވެ. ފާޑަކަށް މިކަމަށް، އެބަ މަޖުބޫރު ކުރުވައެވެ. އަދި ވެރިކަމަކީ، ވަކިޖިންސަކަށް، ވަކިދަރިކޮޅަކަށް ވަކިފެންވަރަކަށް މަނާކުރެވޭނެ މަޤާމެއްނޫން ކަމުގައި އެބަ ބުނެއެވެ. ވަނިދީނެއް ގައި ހިފުމަކުން، ވަކިގޮތަކަށް ބަދެވިގެން ނުވާނެކަމަށް އެބަބުނެއެވެ. އަދި ޒިންމާދާރު މަޤާމުތަކަށް އިސްކުރާމީހުންގެ ޝަރުޠުތަކުގައި “އިސްލާމަކު ކަމުގައިވުން” ޝަރުޠެއްގެ ގޮތުގައި އޮވެގެނެއް ނުވެއެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ މަތިވެރިވެގެންވާ ވެރިޔާ އަލްފާޟިލް ނަންރީތި ސަލީމު މިކަން ދިފާއު ކުރައްވައި ގައުމީ ޓީވީން އަޑު އުފުއްލެވި އެވެ. ފަހެ، ދަންނާށެވެ! ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން، މިމަފްހޫމަށް ޢަމަލުކޮށް ނިމޭއިރު ވެގެންދާ ގޮތަކީ، ކަނޑައެޅިގެން ޤާނޫނަކުން މަނާކުރެވިފައި ނެތުމުން، އެހުރިހާކަމެއް ކޮންމެމީހަކަށްވެސް ކުރުމުގެ މިނިވަންކަން ލިބިދެނީއެވެ. އަދި އެންމެ ބޮޑު ނުރައްކަލަކީ، އެމާއްދާގެ ފަހުޖުމްލާގައިވާ “އަދި ޤާނޫނަކުން ހުއްދަލިބިގެން މެނުވީ އެއްވެސްމީހަކު ކުރާ، އެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވާއިގެން ނުވާނެއެވެ.” މިހެން އޮންނައޮތުމެވެ. މިސާލަކަށް ޤާނޫނެއްނެތުމުން ދެޖިންސަށް އެއްވަރުކޮށްގެން ތަރިކަމުދާ ބަހައިދިނީއެވެ. ފިރިހެނަކައި ފިރިހެނެއް ކާވެނިކުރީއެވެ. އަންހެނަކައި އަންހެނެއް ކާވެނިކުރީއެވެ. އިސްލާމީ ޢަޤީދާއިންބޭރުވެ، ދީނުންބޭރުވެފައިވާ މީހަކަށް ފަޑިޔާރުކަން ދިނީއެވެ. ދީނުން ބޭރުވެފައިވާ މުލްޙިދަކަށް އިސްލާމީ ދިވެހި ދައުލަތުގެ ވެރިކަން ދިނީއެވެ. އަދި، އަންހެނަކަށް އެ ދައުލަތުގެ އެންމެމަތީވެރިކަން ދިނީއެވެ. މިކަމަށް ހުރަސްއަޅާ ޤާނޫނެއް ނެތުމުންނެވެ. ފަހެ، އެހިނދު، ދެވަނަޖުމްލަ މިއޮންނަގޮތުން މިއިންކަމަކުން، މިއިންމީހަކު ދުރުކުރެވޭނެ އެއްވެސް ގޮތެއް ނެތުނީއެވެ. ރައްޔިތުން ކިތަންމެބޭނުން ވިޔަސް، ދީނުގައިވާގޮތަށް ވިރާޘީމުދާ އިންޞާފުވެރިކޮށް ބަހައިދެވޭނެ ގޮތެއްވެސް ނެތުނީއެވެ. ޤާނޫނަކުން މަނާކުރެވިފައި ނެތުމުން، އެކަންބެލޭނެ ކޯޓެއް ނެތުނީއެވެ. ބައިނަލްއަޤްވާމީ ކޯޓުތަކުގައި އެފަދަ މައްސަލަތައް ބަލާއި ޙިމާޔަތްކޮށްދީ، ދިފާޢުކޮށް ދޭނެއެވެ. އެމަގާމު ތަކުން އެއިން މީހަކު ވަކިކުރެވޭނެ ހުރިހާގޮތެއް ހުސްވީ އެވެ. އިސްލާމީ ޝަރީޢަތާ، އެއްގޮތަށް ދިފާޢުކުރެވޭނެ ޖާގަނެތުނީއެވެ. ގެއްލުނީއެވެ. ތާށިވީއެވެ. ހުޅަގުން ރޭވިމަޅީގައި ރީތިކޮށް ޖެހުނީއެވެ. ސައްތައިން ސައްތަ އިސްލާމުން ނެވެ. އެމީހުންގެ ރޭވުންތަށް ކާމިޔާބު ކޮށްލާލެއް ކިހާރީތި ތޯއެވެ! ފަހެ، ޞަހުޔޫނީން އެދޭގޮތަށް އަމިއްލަ އަތުން އަމިއްލަ އަށް އުފަށްދާ ފެންދީ ބޮޑުކުރި ގަސްކަނޑާ ވަށްޓާލެވުނީއެވެ. މިފަދަ ކާމިޔާބުތައް ހޯދައި ގަންނަނީ، ކަނޑި ބަޑި އާއި ވަޒަން ބޭނުން ކުރުމެއް ނެތި، އިސްލާމުންގެ ވިސްނުމާއި ފިކުރާ ކުޅެލައިގެން ނެވެ.
ފަހެ، ދަންނާށެވެ! އަދިވެސް މިބާބުގައި މިމަގަށް މާނަނެރެދޭ ދެތިންމާއްދާއެއް އެބައޮތެވެ. ޝަރީޢަތުގައި އޮންނަ ބަދަލަށް ބަދަލުހިފުމުގެ ޙައްޤު ބަލިކަށިކޮށް ލުމަށްޓަކައި ދިރިހުރުމުގެ ޙައްޤޭބުނެ، މާއްދާއެއްވަނީ ފާސްކޮށްފައެވެ. މިއީ އަލަށް މިރާއްޖޭގެ އަސާސީއަށް ވެއްދުނު މާނައެކެވެ. އިސްލާމްދީނުގައި އޮންނަ ޤިޞާޞް ނެތިކޮށްލުމަށެވެ. އާދެ! ދިރިހުރުމަކީ، ކޮންމެ އިންސާނަކަށް ވެސް އޮންނަ މިނިވަންކަމެކެވެ. ޠަބީޢީމަރަކުން މަރުވަންދެން އޭނާއަށް އެޙައްޤު އޮންނާނެއެވެ. އަސާސީގައި ލިޔުނަސް އަދި ނުލިޔުނަސް އެއީއޮންނާނެ ޙައްޤެކެވެ. ބޭރުފުށަށް ޑުރާފްޓިން ކޮމެޓީން މިމާއްދާތައް، ދައްކާލިލެއް ކިހާރީތިތޯއެވެ. ރޯނުބައިކޮށް މުސްތަޝްރިޤުން ޤުރުއާނުގެ އާޔަތްތައް ތަފްސީރުކުރާހެން، ޝަރަޙަކޮށް ދެއްވިއެވެ. ތަފްސީރުކޮށް ބަޔާންކޮށް ދިނެވެ. މަޖިލިސް ސެންސަރު ކުރުމާހެދި، ރައްޔިތުންނަށް އެމަންޒަރު ނުފެނުނީއެވެ. އަދި އަޑުއިވޭގޮތް ނުވީއެވެ. ޑުރާފްޓިން ކޮމެޓިން އެމާއްދާތައް، ހުށަހަޅައިދެއްވީ އެކޮމެޓީގެ މުޤައްރިރު އަދި މާލޭގެ މެންބަރު އަލްފާޟިލް އިބްރާހީމް އިސްމާޢީލް (އިބުރާ) އެވެ. އިބުރާގެ ހުށަހެޅުންތައް ކިހާހުނަރުވެރި ތޯއެވެ. ވާނުވާއެއްގެ ހަގީގަތް އެނގިވަޑައި ނުގަންނަވާ، ރައީސްޤާސިމު އިންނެވީ ޢަޖައިބުވެ، ޙައިރާންވެ، ސޭކުވެ، އަންތަރީސް ވެފައެވެ. އިބުރާ މޮޅުކަމުން ހެވިފައެވެ. ބައެއް ފަހަރު ހެވިގެން ގޮސް ދިލިފައި އިންނަވާތަން ފެނެއެވެ. މާލޭގެ އަނެއްތިން މެންބަރުންގެ ތާއީދު ދެއްވިލެއް ކިހާވަރުގަދަ ތޯއެވެ؟!!! ލަންކާގެ ޓްރިނިޓީ ކޮލެޖުން ކުލަޖެހިފައިވާ، ހަފިޔަލީލީ ޔަހޫދީކާލިގަނޑު (ދާއޫދުގެތަރި) ގެ އަސަރަށް ހިތުލޯބި ޖެހިވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް އަހްމަދުޒާހިރު، “ސީނާ” ވޯޓުދެއްވިގޮތް ބައްލަވާށެވެ. އަޅުގަނޑަށް އިށީދެ މަޑުން ނުއިދެވިގެން ނިޒާމުގެ ދަށުން އެއްޗެއް ބުނެލަންޖެހު ނެވެ. ރުޅިގަދަވިއެވެ.
ފަހެ، ދަންނާށެވެ! މާލޭމެންބަރު އިބުރާގެ މުޤައްރިރުކަމުގެ ދަށުން މިހާތަނަށް ފެނުނު ޑުރާފްޓުތަކުގައި “ދިވެހި ކޮންމެރައްޔިތަކީ، މުސްލިމެކެވެ.” މިމަފްހޫމުގެ މާއްދާއެއް ނެތެވެ. މިއީ އެންމެބޮޑަށް ކުރަން ބޭނުންނުވާ ކަންތަކެވެ. މިމާއްދާ އަސާސީގައި ނުހިމެނުން އެއީ އޭނާގެ މަސައްކަތެވެ. އެމްޑިޕީގެ ލީޑަރުގެ ނަމުގައި، އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުގައި، އިނގިރޭސިން ހަވާލުކޮށްފައިވާ ޒިންމާއެކެވެ. މިއީ އެއްގޮތަކަށް ވެސް އަސާސީގައި ލިޔަން ބޭނުން ވާހަކައެއް ނޫނެވެ. އެހެނަސް އަޅުގަނޑުމެން ސައްތައިން ސައްތަ، އިސްލާމުންގެ އިސްލާމީ ދުސްތޫރުގައި މިމާއްދާ އަޅުގަނޑުމެން ބާއްވާނަމެވެ. ލިޔާނަމެވެ. ޑްރާފްޓްގައި އިބުރާ ނުލިޔުއްވިޔަސް އިސްލާހު ހުށަހެޅޭނެކަން ކަށަވަރުކޮށް، ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުމަމެވެ. ފަހެ، ދަންނާށެވެ! މިއީ އިސްލާމީވަންތަކަމާއި، އިސްލާމިއްޔަތަށްޓަކައި ދިވެހީންގެ ދިވެހިއްޔަތު ޤުރުބާންކޮށް، ޝަހީދުކޮށް ލުމަށްފަހު، ދިވެހީންގެ ކާބަފައިން ކަމުގައިވާ ބޮޑުތަކުރުފާނު އަލްއަޢުޒަމުމެން ފަޚުރުވެރި ކަމާއެކު، ކޮށްދީފައިވާ ލޮބުވެތި ހިބައެކެވެ. މިހިބަކުރުން، ދިވެހީންގެ އަތުން ބީވެގެން ދިޔަދީގެން ނުވާނެއެވެ. އެހެނަސް ކުރާނީކީއްތޯއެވެ. ހުޅަގުގެ ޚިޔާލުތައް މިހާރުމިވަނީ ބޮޑުމަޖިލީހުގެ ތަޅުމުގެ ތެރެއަސް ވަދެފައެވެ. އެތަކުރުފާނުގެ ކޮށްދެއްވި ހިބަ މިއޮއްގެން ޤަޞްދުގައި ނެތިކޮށްލެވެނީ އެވެ. ވަރަށް ފާޅުގައެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އާދެ! ދިވެހީން ފަޚުރުވެރިވާންވީ އިސްލާމުންނަށް ދިވެހީން ވީތީއެވެ. ފަހެ، ކުރިން ދެންނެވިހެން، މިކަންވަނީ ޑުރާފްޓު އަސާސީން، ޤަޞްދުގައި އުނިކޮށް ލާފައެވެ. އޭގެމާނައަކީ، ކޮންމެ ދިވެއްސަކީ އިސްލާމަކަށް ވުމުގެ ޝަރުޠު ނެތިފައި، މިހާރުމިބަހުސް ކުރެވޭމާއްދާ މިގޮތަށް އޮވެފާސްވެއްޖެނަމަ، ދެވެހީންގެ ސައްތައިން ސައްތަ އިސްލާމީވަންތަކަން އޮޓޮމެޓިކުން ގެއްލުނީއެވެ. ވިރާޘީމުދާ ބެހުމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއްވަރަށް ބައިއެޅުމަށް މަގުފަހިވީއެވެ. އަންހެނުންނަށް ދައުލަތުގެ އެންމެމަތީ ވެރިކަމާއި އެންމެމަތީ ފަނޑިޔާރުކަމާ، ޙަވާލުވެވުނީ އެވެ. އިނގިރޭސިންނާއެކު، ރާއްޖޭގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ، ދެކެވެމުންދާ ވާހަކަތަކުގެ މަޤްޞަދު ވަރަށް ފުރިހަމަކޮށް، ޙާޞިލުކޮށް ދެވުނީއެވެ. އެމީހުން ވެދޭއެހީތަކުގެ ފުރިހަމަ، އަދި އެންމެއެކަށީގެންވާ ބަދަލުދެވުނީއެވެ. އަދި ޒިންމާދާރުވެ މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށް، ރައްޔިތުންގެ އިސްމަޤާމުތަކުގައި އިސްލާމީ ޢަޤީދާއާއި ޢިއުތިޤާދު ނުގެންގުޅޭ މީހަކަށް ހުރުމުގެ ފުރިހަމަ މިނިވަންކަން ލިބުނީއެވެ. މުސްލިމަކު ކަމުގައިވުން މިޝަރުޠު އެއްވެސް ޒިންމާދާރު މަޤާމަކަށް ލާފައިނެތުމުގެ ސިއްރަކީ، ވެސް މިއެވެ. އަދި މާނައަކީވެސް މިއީކަން ސާބިތުވީއެވެ. ފަހެ، ދަންނާށެވެ! އާއަސާސީގައި ކޮންމެ ދިވެއްސަކީ، އިސްލާމަކަށް ވުމުގެ ވާހަކަ، އަޅުގަނޑު މެންގައިގާ، ވިންދު ހުރިއްޔާ ހިމަނާނަމެވެ. ލިޔާނަމެވެ. އަޅުގަނޑު މިހުރީ އެހުވާގެ މަތީގަ އެވެ. އެކަމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް، ﷲ އިރާދަ ކުރެއްވިއްޔާ ކުރާނަމެވެ. އިސްލާމީ ދިވެހި ދައުލަތުން ދީން، ފޮހެވިގެން ދިޔަ ނުދިނުމަށް ޖިހާދު ކުރާނަމެވެ. މަރުވާން ޖެހިއްޖެނަމަ، މަރުވެސް ވާނަމެވެ.
އާދެ! ޤުރުއާނާއި އިސްލާމީ ޝަރީޢަތުގައި ތަކުރާރުކޮށް ދީނުގެ އަޞްލަށް ބާރުއަޅާ ބަސްތަކާއި ޖުމްލަތައް ވާރިދުވެފައިވަނީ، ދުސްތޫރާއި އަސާސީކަމުގައިވާ ޝަރީޢަތް އަބަދުވެސް ހަދާންބެހެއްޓުމަށާއި ޢަމަލުކުރުމަށް އިތުރުބާރެއް އެޅުމުގެ ގޮތުންނެވެ. އަބަދުވެސް ހިތުތެރޭގައި ކަށަވަރުކޮށް ބެހެއްޓުމަށް މަގުފަހި ކުރުމަށެވެ. ފަހެ، އިސްލާމީ ޝަރީޢަތުގެވާހަކަ ގިނަގިނައިން އަސާސީގައި ތަކުރާރުވެފައި އޮތުމުން ވާގެއްލުމެއް ނެތިއްޔާ، ކޮންމެ މާއްދާއެއްގައި ވެސް އިސްލާމީ ޝަރީޢަތަށް ޙަވާލާދޭންވީ ނޫންތޯއެވެ. މައްސަލައަކީ ކޮބައިތޯއެވެ. ބިރުގަނެ ޖެހިލުންވަނީ ކީއްވެތޯއެވެ. ޝަރީޢަތްއޮތީ ވަރަށް ފުޅާކޮށް، ވަރަށް ފުރިހަމަކޮށެވެ. ޖާމިޢުކޮށެވެ. ހުރިހައި ވަޤުތަކަށާއި ހުރިހައި ޒަމާނަކަށް ފެތޭގޮތަށް ފުރިހަމަކޮށެވެ. ވަރަށް ފުޅާކޮށެވެ. އަބަދާއި އަބަދަށްވެސް ފިޓުކޮށެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް އެކަން ނޭގިގެންއުޅެނީއެވެ. ނުވިސްނެނީ އެވެ. ވިސްނަންވެސް ނޫޅެނީއެވެ. ތަރައްޤީވެފައިވާ ތަހުޒީބުގެ މިޒަމާނަށް ނުފެތޭކަމަށް ބަޔަކަށް ހީވަނީއެވެ. ޝަރީޢަތްނޭގުމުގެ ބަހަނާގައި މުސްތަޝްރިޤުންގެ ވިސްނުމަށް ހެއްލި، އެމީހުންގެ މަފްހޫމްތަކަށާއި ފިކުރުތަކަށް، ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ދުސްތޫރު ކަމުގައިވާ އަސާސީގައި ޖާގަދޭންވީތޯއެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސްދީގެނެއް ނުވާނެއެވެ. އަސާސީގައި އިސްލާމީ ޝަރީޢަތުގެ ވާހަކަ ލިޔެގެން އޮޅުންއަރާނެކަމަށް ވަކާލާތުކުރުމަކީ، އެމީހެއްގެ ވިސްނުމުގެ ކޮށިކަމާއި، ހަނިކަމާއި ވަކިއަތަކަށް ލެނބިފައި ހުރުމުގެ ހެކިތައް ފެންނަން ހުރިކަމެވެ. އިސްލާމީ ޝަރީޢަތުގައި މައްސަލަތައް ހުރީ އޮޅުންބޮޅުންކޮށް ފުށޫއަރާގޮތަށް ކަމުގައި ޤަބޫލުކުރުމަކީ، އެމީހެއްގެ އަމިއްލަ ޖާހިލުކަމެވެ. އަދި އެޝަރީޢަތާއި އެމީހަކާހުރި ދުރުކަން ދައްކުވައިދޭ ހެއްކެކެވެ. މިއީ ޙަޤީޤަތުގައި ދީނަށްމަލާމަތްކޮށް ފުރައްސާރަކުރުމެވެ. އަދި، އިސްލާމް ދީންފުރިހަމަވެފައި ނެތްކަމަށް ދެކުމެވެ. ހިތުގެ އަޑިން އެކަން ޤަބޫލުކުރުމެވެ. އަދި އިސްލާމްދީނާއި އިސްލާމީ ޝަރީޢަތުގެ ބަދަލުގައި ހުރިހާ ކަމަކަށް، އަމިއްލައަށްހަދާ ޤާނޫނުތަކެއްގެ ޙުކުމުން ޙުކުމްކޮށް، ނިޔާކަނޑައަޅާ ގޮތަށް ހެދުމަށް ރުހި، ޤަބޫލު ކުރުމުގެ އަލާމަތެވެ. ފަހެ، މިވަރުވުމަކީ، ކަނޑައެޅިގެން ދީނަށް ފުރަގަސްދިނު މެވެ. ދީނަށް މަލާމާތް ކުރުމެވެ. ފަހެ، މިދައްކާހަމައަކީ، ކޮންކަހަލަ މަފްހޫމެއްގެ ވާހަކައެއްތޯއެވެ. އަދި، ކޮންކަހަލަ ކޮންވަށްތަރެއްގެ “ޤާނޫނުގެޙުކުމް” އެއްގެވާހަކަތޯއެވެ. އަދި، ކޮންކަހަލަ ކޮންވަށްތަރެއްގެ “ރޫލްއޮފްލޯ” އެއްގެވާހަކަ އެއްތޯއެވެ. ހަމަޤަބޫލު ކޮށްލަން ވީތޯއެވެ؟ މިއީ މުސްތަޝްރިޤުން އިސްލާމްދީން ނެތިކޮށްލުމަށް ނެރޭ، އަޞްލެއްނެތް މަފްހޫމްތަކެވެ. ހުސް ބަހަނާތަކެކެވެ. ބޭނުމަކީ މިމަފްހޫމުތައް ނެރެ ދަށްކައިގެން، އިސްލާމީޢަޤީދާ ފުނޑުފުނޑުކޮށް ޝައްކުއުފެއްދުމެވެ. ޢަޤީދާއާއި ޤާނޫނުތައް ވަކިކޮށްލުމެވެ.
ފަހެ ދަންނާށެވެ! ޑްރާފްޓްގައި މިއޮތްގޮތަށް މިމާއްދާ ފާސްކުރުމަށް ބާރުއަޅާ މީހުންނަކީ، ހުޅަގަށް ހެއްލިގެން އެވެރިން ރުއްސުމަށް ގަދައަޅާ، މަސައްކަތްކުރާ މީހުންނެވެ. ނޭގިތިބެ އެކަންކުރެވެންޏާ އެއީދެރަކަމެކެވެ. ޤަޞްދުގައި އެނގިތިބެ އެކަން ކުރަނީނަމަ، ހިތާމައިގެ ކޮޅެއްނެތެވެ. ފަހެ، މިވިސްނުމާއި މަފްހޫމައި ދެކޮޅަށް ރައްޔިތުން ކޮޅަށްތެދުވެ މަސައްކަތް ފަށައިގަންނަމާތޯއެވެ. ދީނަށް ނަޞްރުދިނުމުގައި ޢަމަލީގޮތުން ޙަރަކާތްތެރި ވުމަކީ، ސަވާބާއި ދަރުމަހުށި ކަމެކެވެ. ދެންފަހެ، މާލޭގެ ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަމެވެ. ބޮޑުމަޖިލީހުގެ މާލޭގެ ހަތަރު ގޮނޑިން، ލާދީނީމަފްހޫމަކައި އެއްގޮތަށް އަޑުއުފުލާއި އަސާސީގައި އެވިހަގަދަ ޒަހަރު ހިމެނުމަށް މަސައްކަތް ކުރެއްވިތަން ފާޅުގައި ދިވެހި ރައްޔިތުންނަށް މިހާރުވާނީ، ފެނިޤަބޫލު ކުރެއްވިފައެވެ. މިއީ ހިތާމައިގެ ކޮޅެއްނެތްހައި ދެރަކަމެކެވެ.
އޭ! ދިވެހި އިސްލާމީ ޖުމްހޫރިއްޔާގެ ލޮބުވެތި ރައްޔިތުންނޭވެ! ދިވެހީންގެ އިސްލާމީ، މަތިވެރި ޢަޤީދާ ނަގާލިޔަ ނުދެއްވާށެވެ. އަސާސީން ވަކިކޮށްލިޔަ ނުދެއްވާށެވެ. މަދުބަޔަކު އަމިއްލަ މަޤްޞަދުތަކެއް ޙާޞިލުކުރުމަށް ގެންގުޅޭ ބުދުކޮއްކޮއަކަށް ޢަޤީދާ އާގުޅޭ، މިމައްސަލަ ހެދިޔަނުދޭށެވެ. ދިވެހީންގެ އިސްލާމީ ޢަޤީދާ ޙިމާޔަތް ކޮށްދޭނީ، ދިވެހީންގެ ދުސްތޫރުންނެވެ. ދިވެހި އިސްލާމީ ދައުލަތުގެ، “ދިވެހި އިސްލާމީ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ” ން ނެވެ. މާލޭ މެންބަރު އިބުރާ 179 ވަނަ (10 އޮކްޓޯބަރ 2007މ. ބުދަ) ޖަލްސާގައި ވިދާޅުވެފައި ވެއެވެ. “ޢަޤީދާއަކީ ޤާނޫނުއަސާސީން ހިފޭއްޓޭނެ އެއްޗެއް ނޫނެވެ. އެއީ އެމީހެއްގެ އަމިއްލަ އެއްޗެކެވެ”. އަޅުގަނޑު މިޢިބާރަތް ކުށްވެރިކުރަމެވެ. ދިވެހީންގެ ޢަޤީދާއާއި އިޢުތިޤާދު އެންމެބޮޑަށް ހިފާއްޓައި ދޭންޖެހޭނެ ބިންގަލަކީ، ދިވެހީންގެ ދުސްތޫރެވެ. ދިވެހީންގެ ޤާނޫނުއަސާސީއެވެ. ﷲ، އަޅަމެން ބޮޑުމަޖިލީހުގެ އެންމެހައި މެންބަރުންނަށް، ހެޔޮގޮތް ދައްކަވާއި، ﷲގެ ސީދާ ތެދުމަގަށް، ހިދާޔަތާއި ތައުފީޤު ދެއްވާށިއެވެ! އާމީން!
ނޯޓް: އަޅުގަނޑު މިމަޒްމޫނު ލިޔެގެން އެންމެ އަސަރު ކުރި ނޫހަކީ، “މިނިވަން” ނޫހެވެ. އެނޫހުގައި ލިޔުނު ފަރާތެއް ނޭގޭގޮތަށް، ފާޑެއްގެ ނަމެއްގައި ތާކުންތާކު ނުޖެހޭ ބޭކާރު ވާހަކަތަކެއް ލިޔެފައި އޮތެވެ. އެކަމާ އެއްޗެއް ލިޔާކަށް، އަދި ބުނާކަށް އަޅުގަނޑު ނެތީމެވެ. ބުއްދިވެރި ގޮތަކީ، އެއްގޮތަކަށް ވެސް އަޅާނުލުމެވެ. ބާތިލުގޮތަ ވާނީ ބާތިލަށެވެ. ނަސްރު އިންނާނީ ހައްގަށެވެ. މިނިވަން ނޫހުގެ އަޑީގައި ލާދީނީ ޚިޔާލުގެ ބަޔަކު އުޅެމުންދާކަން އެންމެން ދަނެއެވެ. އަބަދުވެސް އިންސާފު އޮންނާނީ ރައްޔިތުންގެ އަތުގަ އެވެ. ބަޔަކަށް އަސަރުކުރިޔަސް ނެތިދާނީ ބާތިލެވެ. ދެމިއޮންނާނީ ހައްގެވެ. ޝުކުރިއްޔާ!
