ވެރިމީހާ
ލިޔުނީ: އިލްޔާސް ހުސައިން އިބްރާހީމް، 2025 ގައި
ވެރިމީހާ ވެރިކަމަށް، ހޮވަނީ ރައްޔިތުންނެވެ. ކަނޑައެޅިފައިވާ ވަނި މުއްދަތަކަށެވެ. އެކަން ކުރަނީ ރައްޔިތުންގެ ފުރިހަމަ ބާރުންވެ. އެބާރު އަބަދުވެސް ރައްޔިތުންގެ ކިބައިގައި އެބާރު ދެމި އޮންނާނެއެވެ. ރައްޔިތުންވެރިޔަކު ހޮވަނީ ރައްޔިތުންނަށް ޚިދްމަތްތަކެއް ކޮށް ދޭށެވެ. އެހެން އެއްވެސް ބޭނުމެއްގައި ނޫނެވެ. ވަރުގަދަ ވައުދުތަކެއް ހިފައިގެން ނުކުންނަ މަދު ބައެއްގެ ތެރެއިން އެ މުއްދަތުގެ ތެރޭގައި އޭނާ ވައުދުވި ކަންކަން އެންމެ ފުރިހަމައަށް ކޮށްދޭނެކަން ރައްޔިތުން ގަބޫލުކުރާ މީހާއަށް ގިނަ ރައްޔިތުން ވޯޓު ދެނީއެވެ. ދެން ހޮވެނީއެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި، ﷲ ގަންދީ ހުވާ ކުރުވާފައި ވެރިމީހާއަައި ވެރިކަން ހަވާލު ކުރަނީއެވެ.
އެއްވެސް ހާލެއްގައި ދުސްތޫރާއި ޝަރީއަތައި ޚިލާފުވެގެން ނުވާނެ ގޮތަށެވެ. ހުވާކުރުން އޮންނަނީ އެޝަރުތުގެ ދަށުންނެވެ. ދައުލަތުގެ ވަކިކޮށްފައިވާ ބާރުތަކާއި މުސްތަގިއްލު މުއައްސަސާ ތަކަށް އަތްބާނައި ނުފޫޒު ފޯރުވައިގެން ނުވާނެ ގޮތަށެވެ. އަދުލް އިންސާފު ނުލިބި ލަސްވެގެން ނުވާނެ ގޮތަށެވެ.
އެހެނަސް ހިތާމަ އަކީ ވެރިކަމުގައި މިހާރު މިފެންނަ މަންޒަރުތަކެވެ. ކަންތަކެވެ. ވެރިމީހާ ވެރިކަމުގެ ހުވާ ކުރުމަށް ފަހު ދުސްތޫރާއި ޝަރީއަތް އެއްފަރާތްކޮށް އެއްލައި ލަނީއެވެ. ރައްޔިތުންނަށް ވި ވައުދާއި ހުވަޔާ ސީދާކޮށް ޚިލާފު ވަނީއެވެ. އަމިއްލަ ޒާތީ ބާރެއްގެ ދަށުން މަސްނޫއީ ގާނޫނުތަކެއް ހަދައި ހިންގާން ފަށަނީއެވެ. ވެރިމީހާގެ ހުދޫދުން ބޭރުވަނީއެވެ. މުޅި ޗާޓުން ވެސް ބޭރު ވަނީއެވެ.
އެފަދަ މަސްނޫއީ އަސާސެއް ނުވާ ގާނޫނުތަކަށް ދިވެހިރާއްޖޭގައި ކިޔުން އެންމެ ރަނގަޅު، އަދި އެކަށީގެންވާ ނަމަކީ، މުއިއްޒޫގާނޫނު، “މުއިއްޒޫލާ” އެވެ. ރައްޔިތުންގެ މުދަލާއި ދައުލަތުގެ ކުންފުނިތަކުން ވެރިމީހާ ބޭނުންވާ ގޮތަށް އެކިއެކި ކަންކަން ރާވާލައިގެން ނާޒާައިޒު ފައިސާ، ނަގުދުން ނަގައި ރިޔާސީގަނޑުވަރަށް ގެންގޮސް، މަޖްލިސް މެމްބަރުންނާއި ރައްޔިތުން ތެރެއިން ގިނަބަޔަކު ދަށުލާއި ގަނެލުމަށް ބޭނުން ކުރާތަން ފާޅުގައި ފެނެއެވެ.
ވެރިމީހާ އަރިހުގައި އޮޅުކޮށްފައި ތިބޭ މާފިއާ ބަޔަކު ލައްވާ ސަރުކާރުގެ އެކިއެކި ހަރަކާތްތައް ހިންގުމަށް ދަރުބާރުތައް ތައްޔާރު ކުރުން ފަދަ ކަންތައް، އެކަށީގެން ނުވާ ބޮޑެތި އަގުގައި ހަވާލުކޮށް ބައިއަޅާ ވެރިކަމުގެ އުސޫލުން ބައިތުލްމާލު ކައި ހުސް ކުރަނީއެވެ. ސަރުކާރުގެ މިފަދަ ރަސްމިއްޔާތު ތަކަކީ ބޮޑެތި ނާޖާއިޒު އިސްރާފުތަކަށް ނުގޮސް، މާލެ ފަދަ ސިޓީތަކުގައި ނަމަ، ސިޓީކައުންސިލުން ކުޑަކުޑަ ޚަރަދެއް ދީގެން ކުރެވޭނެ ކަންތަކެވެ.
އަދި އޮތޮޅުތެރޭގައި ނަމަ، ރަށުކައުންސިލުން ކުޑަކުޑަ ޚަރަދެއް ދީގެން އެރަށެއްގެ ރައްޔިތުން ލައްވާއި ރައްޔިތުން ރުހި ބޭނުންވާ މިންވަރެއްގައި ކުރެވެން ހުރި ކަންތަކެވެ. ކަންކަން ފަސޭހައިން ވާން އޮތް މިފަދަ ރީތި މަގު ދޫކޮށް ލަނީ ގަސްދުގައި ވައްކަން ކުރުމަށެވެ. ނާޖާއިޒު ފައިދާ ނަގާށެވެ. އަންބޮޑި ބޮޑުކުރާށެވެ. ބޮޑުން ތުރުކުރައްވާ ކޯޓުކޮޅުތަކުގައި ޖަހާނެ ފިނިފެންމަލަށް ދާންދެން ގަންނަން ޚަރަދު ކުރަނީ ޒީނަތްތެރިކަމަށް ހަދައި ބޮޑުޚަރަދު ކުރުވާށެވެ. ބައިއަޅާނެ ނަގުދު ފައިސާ އިތުރުކޮށް ދޭށެވެ.
ކަނޑައެޅިގެން މިހުރީ ވެރިމީހާ ހިންގާ ސާފު ހުދު މާސިންގާ ބޮޑެތި ޖަރީމާތަކެވެ. ފަހެ، ދަންނާށެވެ! ވެރިމީހާގެ އަމަލުތައް ދުސްތޫރާއި ޝަރީއަތުން ބޭރުވާ ހިސާބަކީ، ރައްޔިތުންނަށް ވެރިމީހާ އަޒުލްކުރުން ލާޒިމްވާ ހުރިހާ ޝަރްތެއް ހަމަވެ ފުރިހަމަވުމެވެ. އަދި ރައްޔިތުންނަށް ވެރިމީހާ ވެރިކަމުން ދުރުކުރުމުގެ ހުއްދަލިބޭ ހިސާބެވެ. ދެން އެހިނދު ރައްޔިތުން މަޑުން ތިބެގެން ނުވާނެއެވެ. ޖިހާދު ފަށަން ޖެހުނީއެވެ.
އާދެ! ވެރިމީހާ ރަތްރޮނގު ހުރަސް ކުރާހިސާބުން، ވެރިމީހާ އެއީ ފާސިގެކެވެ. މުނާފިގެކެވެ. އަނިޔާވެރިއެކެވެ. އަދި ޒާލިމެކެވެ. ވެރިމީހާ ވެރިކަމުން ބާލާއި އަދުލްއިންސާފުގެ ދަރުބާރަށް ބިޑީގައި ހާޒިރު ކުރަންޖެހުނީއެވެ. އެ ހިނދު ވެރިމީހާ އެހުރީ، ރަތްރޮނގު ހުރަސްކޮށް ނިމިފައެވެ. ޗާޓުން ބޭރުވެފައެވެ.
ނަބީންނާއި ރަސޫލުން މިދުނިޔެއަށް، ﷲ ފޮނުއްވީ ފޮތާއި މީޒާން، ތިލަފަތް ދެއްވާފައެވެ. ރައްޔިތުންނަށް އިންސާފު ދިނުމަށެވެ. އެއީ އިންސާނުންގެ މައްޗަށް ބިމުގައި، ﷲ އަށް ކުރާ އަޅުކަމެއްގެ ގޮތުގައެވެ. އިންސާފު ދިނުމަކީ އަވަސް އިންސާފު އެންމެންނަށް ހަމަހަމަކޮށް ދިނުމެވެ. އަދި ލިބުމެވެ. އިޖްތިމާއީ އަދާލަތު މުޖްތަމައުގައި ދެމި އޮތުމަށެވެ. އެންމެހައި ނުބައިކަންތަކާއި މުންކަރާތްތައް ނަހީ ކުރުމަށެވެ. ސުލްހަމަސްލަސްކަން ދެމި އޮތުމަށެވެ.
އާދެ! އެންމެ ފަހުގެ ރަސޫލާ، އަދި ނަބީކަމާއި ރަސޫލުކަން މިދުނިޔެ މަތިގައި ޚަތަމްކުރެއްވި، މުހައްމަދުގެފާނު މަދީނާގައި ގައިމުކޮށް ބިނާ ކުރެއްވި ވެރިކަމުގައި ވަނީ، ވެރިކަން ކުރަންވީ އެންމެ ފުރިހަމަ ވެރިކަން، މަދީނާ މުނައްވަރާ ސަރުކާރު ހިންގެވުމުގައި އަމިއްލަފުޅު އަމަލުތަކުން ދައްކަވާފައެވެ. އަދި އެ އަމުރުތަކަށް ވެރިކަމުގައި ތަބާއު ވުމަށް މުސްލިމް އުންމަތަށް ގަދަ އަޅައި އަންގަވާފައެވެ.
ފަހެ، އެއީ އެންމެންގެ ހިތުހުރުން، ލޯތްބާ އެކު ލިބިގެން، ﷲގެ ވަހީ މެދުވެރިވެގެން ހަވާލުވި ވެރިކަމެކެވެ. އެހެނަސް ހަތަރު ޚަލީފާއިންގެ ޚިލާފަތަށް ފަހު، އިލާހީ އަދި ނަބަވީ އެވެރިކަން ވަނީ ދުނިޔެއިން އެކުގައި ނެތި ގޮސް، ވެރިކަމާ ބަގުޑިބައްދާ ކޯޅިހަދާ މަމްލޫކީންގެ ރަސްކަމެއް، ވެރިކަމުގެ ނިޒާމުގެ ތެރެއަށް އެކި ސިފަސިފައިގައި ވައްދާފައެވެ. ވެރިކަމާއި ރޫހާނިއްޔަތު ވަކިކޮށްފައެވެ. އަދި ދީނާއި ދައުލަތް ވެރިކަމާ ވަކިކޮށްފައެވެ.
އެއްވެސް ހާލެއްގައި އުމަވީ ދައުލަތުގައި ފުތޫހާތުތައް ގިނަވެ މުސްލިމް އުންމަތް، އިސްލާމީ ދައުލަތް ފުޅާވެގެން ދިޔަކަމާ މެދު ޝައްކެތް ވަސްވާހެއް ނުކުރަމެވެ. ބޮޑެތި ފަތަހަތައް އެދައުރުގައި ލިބުނެވެ. އެހެނަސް އެތެރޭގައި ވެރިކަމުގެ ބާރަށް ބަގުޑިބެއްދުމުގެ ވިހަ އޮތީ އުފަންވެފައެވެ. ރަސްކަމުގެ ހައިބަތާއި ކިބުރުވެރިކަމާއި ބޮޑާކަން އޮތީ ތަޖްރިބާކޮށް ފައެވެ.
އެހެންވެ މިހާރު ފެންނާން މިތިބި ވެރިންނަށް ވަލިއްޔުލް އަމްރުންނެކޭ ނުކިޔޭނެއެވެ. ފަހެ، އެއީ ހުރިހާ އެންމެންގެ، އެންމެހައި ރައްޔިތުންގެ ރުހުމާއި ވަލީ ލިބި، ބައިއަތު ހިފައިގެން ވެރިކަމުގައި ހުންނަވާ ވެރިމީހާ އަށް ނުވާތީއެވެ. މިފަދަ ވެރިންނަކީ ވެރިކަމުގެ ވައުދައި ޚިލާފުވާ ހިސާބުން ރައްޔިތުން ނުކުމެ ވެރިކަމުން ބާލާއި އިންސާފަށް ހާޒިކުރަން ޖެހޭ ބޮޑެތި މުޖްރިމުންނެވެ. އަނިޔާވެރިންނެވެ. ފާސިގުންނެވެ. ޑިކްޓޭޓަރުންނެވެ.
ވީމާ ދިވެހިރާއްޖޭގެ ވެރިމީހާ ޑިކްޓޭޓަރުމުއިއްޒޫ މިއަދުން މިއަދަށް، މިހާރުން މިހާރަު ވެރިކަމުން ދުރުކޮށް، ބޭލުމަކީ ރައްޔިތުންގެ މައްޗަށް ވާޖިބެކެވެ. މަޖްބޫރުވާ ހައްގެކެވެ. ދުސްތޫރުންނާއި ޝަރީއަތުން ހުއްދަ އަމަލެކެވެ. އެއީ ރައްޔިތުންގެ މައްޗަށް ކުރަންޖެހިފައިވާ ބޮޑު ޖިހާދެކެވެ. މިގޮތަށް މިކަން އޮންނަނީ އެންމެންގެ މަސްލަހަތު ދައުލަތުގެ އޮނިގަނޑު ތެރޭގައި ހަމަހަމަ ކުރުމަށެވެ. ރައްޔިތުންގެ މަގާމުތަކައި ހަވާލުވެގެން ތިބޭ މީހުންގެ ނުލަފާ ނުބައިކަމުގެ ވާހަކަ ދެއްކުމަކީ ޒާތާބެހުމެއް ނޫނެވެ. އަދި ވެރިމީހާގެ އަބުރަށް އަރައިގަތުމެއް ވެސް ނޫނެވެ.
މީގެ އެންމެ ބޮޑު ހެއްކަކީ ކީރިތިރަސޫލާ އެންމެ ލޯބިވާ އެއް ކާފަދަރިކަލުން ކަމުގައި ހުސައިނުގެފާނު ކަރުބަލާގައި އޭރުގެ ވެރިމީހާ ހަމަމަގަށް ރުޖޫއަކޮށް، އެޅުވުމަށް ފާޅުގައި ޖިހާދަށް ނުކުމެވަޑައިގެން ޝަހީދުވެ ވަޑައިގެންނެވި ކަމެވެ.
ވީމާ އަހުރެން ދިވެހިރައްޔިތުންނަށް ގޮވާލަމެވެ. ދިވެހިރާއްޖޭގެ ވެރިކަން މިހާރު މިއޮތީ ފާސިދުވެފައެވެ. ރަނޑަވެފައެވެ. އަމިއްލައަށް އިސްލާހު ވުމުގެ ދިރުން އެކުގައި ގެއްލިފައެވެ. މާފިއާވަގުންގެ ބޮޑުޖަމާއަތެއް ވެރިކަމުގެ އުމޫރުތަކަށް ސަވާރުވެފައެވެ. ދައުލަތުގެ ބާރުތަކާއި މުސްތަގިއްލު މުއައްސަސާތަކުގެ ދަތްކޮޅު ވަނީ މުގުރާލާފައެވެ. ދޫ ބުރިކޮށް ލާފައެވެ. މިއީ މުޅި ދައުލަތުގެ މައިބަދަ ބިންދާލާއި ވާކޮށްލުމެވެ. އަސާސްތައް މަތީގައި ކޮޅަށް ނުއޮވެވޭ ވަރަށް ވާކޮށްލާފައެވެ. މިހާލަތަށް ދިވެހިދައުލަތް ވައްޓާލާފައި ރައްޔިތުންގެ ބައިތުލްމާލު ބޭނުންކުރަމުން ގެންދަނީ އަންނާންތިބީންނަށް ފެންނާނެހެން ބަހައްޓަން ޖެހޭ ހުއްޖަތްތައް ފެންނާން ނުހުންނާނެ ގޮތަށެވެ. ހުޅުޖަހައި މުޅި އިމާރާތް، އަރްޝީފުތަކާ އެކު އަންދާލަނީއެވެ. ލިޔެކިޔުންތައް ވުޖޫދުން ފޮހެލަނީއެވެ. އަމިއްލައަށް ހަދާފައިވާ ވެރިމީހާގެ އަމިއްލަ ޚުދުމުޚްތާރު ގާނޫނުތަކެއްގެ ތެރެއިންނެވެ. ފަހެ، އެއީ ރައްޔިތުންނަށް ގަސްދުގައި ކުރާ އަނިޔާއެވެ. ގައުމުގައި ހިންގާ ފަސާދައެވެ. ރައްޔިތުން ނުކުމެ ހުއްޓުވަން ޖެހޭ ސާފުޖަރީމާ ތަކެވެ.
މިކޮލަމް ގައި މިވަނީ މިމަޒްމޫނު ލިޔުނު ލިޔުންތެރިޔާ، އަހުރެންގެ އަމިއްލަ އޮޕީނިއަނެވެ. ޚިޔާލެވެ. އަދި ޒަމީރަށް ފެންނަ ގޮތެވެ. އެއްވެސް ހާލެއްގައި މިއީ، މި ކޮލަމް ޝައިއު ކުރާ ނޫހެއް މި ޚިޔާލުތަކުގެ ޒިންމާ އުފުލަން މަޖްބޫރު ކުރެވޭނެ ލިޔުމެއް ނޫނެވެ. މިއީ ކަމާގުޅޭ ދައުލަތުގެ އެއްވެސް ފަރާތަކުން އިތުރު މީހަކައި ދައުވާކޮށް މައްސަލަ ޖެއްސޭނެ ކޮލަމެއް ނޫންކަމުގައި އަހުރެން ހަރުކަށިކޮށް ބުނަމެވެ. ދިވެހިރާއްޖެ….ޒިންދާބާދު!!
https://adhadhu.com/article/72049
