ދިވެހި ރައްޔިތުންގެ ތެރެއިން ހިތްވަރުގަދަ ބަޔަކު އިސްނަގައިގެން ކުރިއަށް ގެންދިޔަ ޖިހާދުގެ ސަބަބުން ދިވެހި ރާއްޖޭގައި ދިވެހިންނަށް، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ނެރުމަށް ވެރިކަން ކުރާ ފަރާތަށް މަޖުބޫރު ވެއްޖެއެވެ. މިއީ އިސްލާހީ ހަރަކާތުގެ މުގައްދަސް ޖިހާދެކެވެ. ފަހެ މިކަމަކީ، ރައީސް މައުމޫނު، ކޮށްދޭ ހިތުން ކޮށްދެއްވި ކަމެއް ނޫނެވެ. ސިޔާސީ ޕާޓީތައް އުފައްދައި ހަރަކަތްތެރިވާން ފެށި ފެށުމަށް މިހާރު، އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިހާތަނަށް ދިވެހި އުދަރެހުން ދިރިގެން ނިކުތް ޕާޓީތައް ހުރީ، ދިގު ރާސްތާއެއްގެ ރަތް ބައްތިއެއްގެ ކުރިމަތީގައި ބުރެކި ޖެހި ހުއްޓިފައެވެ. ސީދާ ތެދުމަގުން ކުރިއަށް ދިއުމަށް ރަތް ކުލައިގެ އިންޒާރަކުން ހުރަސް އަޅާ ހުއްޓުވާލާފައެވެ. ދިގު ކިއޫއެއްގައި ދުއްވައިގަތުމަށް ތައްޔާރުވެގެން ތިބި ޕާޓީތައް ބައިވަރެވެ. މަގުފަހި ނުވެގެން އަވަސް ކުރުމުގެ ގޮތުން ބަރުގޮނު އެޅުމާއި އެބައަކަށް ކުރެވުނުހާ ކަމެއް ދަނީ ކުރަމުންނެވެ. އެހެނަސް ރަތްއަލީގެ އިންޒާރާއެކު މަގު ބަންދުކޮށްފައި ވަނީ، ރައީސް މައުމޫނުގެ އަމިއްލަ އެދުންތަކެއްގެ ބޭނުމުގައެވެ.
އޭ! އަހަރެމެންގެ ލޯބިވާ ދިވެހި ގައުމާއެވެ! ކައުބަތުއްﷲ ގެފުޅު ކުރިމަތީގައި ތަކުރާރުކޮށް، އެތައް ފަހަރަކު ކޮޅަށް ހުރެ، އަހަރެން މިހުރީ ކަލާއަށްޓަކައި ގުރުބާން ވުމަށް ހިތުގެ އަޑިން ހުވާ ކޮށްގެންނެވެ. ކަލާގެ ފުރިހަމަ ކަމާއި އިންސާފަކީ، ދިވެހި އުއްމަތުގެ ކާމިޔާބުކަން ޔަގީނެވެ. ޝައްކެތް ނެތެވެ! އެންމެހައި މީސްތަކުން އެއްވެ، ރޫޙާނީ ގޮތުން ގަބޫލުކުރާ ދީނަކާއި ވަކި ގޮތް ތަކެއްގެ މަތިން ހިންގާނެ ވެރިކަމެއް ރާވައި، އެއާގުޅޭ އެހެނިހެން ކަންތައްތައް ކަމުގައިވާ، ބަހާއި ވައްޓަފާޅިއާއި އާދަ ކާދަ ތަކެއް އުފައްދައި، އަމިއްލަ ވެރިކަމެއް ގާއިމުކޮށްގެން އުޅޭތާ އެތަކެއް ސަތޭކަ އަހަރުތަކެއް ވެއްޖެ ކަމުގައި ދަޢުވާކޮށް، އެދަޢުވާ ކަލާ ވަނީ، ވަރަށް ފުރިހަމަ ކަމާއެކު ސާބިތު ކޮށްދީފައެވެ. އަދި މުޅި ދުނިޔެ ވަނީ އެކަން ގަބޫލު ކޮށްފައެވެ. ދެބަސް ނުވެވޭނެ ހެތްކަކީ، ދުނިޔޭގެ ގައުމުތަކުގެ ޖަމާޢަތްތަކުގައި ކަލާވަނީ، ހިމަނާފައެވެ. ހަމަހަމަ މެންބަރަކަށް ހަދާފައެވެ. މިއީ ދުނިޔޭގައި ލިބޭނެ އެންމެ މަތީ ޝަރަފެވެ. ސިޔާދަތެއް ހައްގު ވެގެންވާ ގައުމަކަށް ކަލާވެ، ތަސައްރަފު ފުދުނީއެވެ.
މި މަޒުމޫނަކީ 1994 ނޮވެމްބަރ މަހު 8 ވަނަ ދުވަހު ލިޔެ “އާފަތިސް” ނޫހުގައި ޖަހައި ދިނުމަށް އެދި އެނޫހުގެ އިދާރާއަށް ފޮނުވިފައިވާ މަޒުމޫނުނެކެވެ. އަދި 1994 ޑިސެމްބަރ މަހުގެ 6 ވަނަ ދުވަހު، “ހަވީރު” ނޫހުގައި ޝާއިޢުކޮށް ދިނުމަށް އެދި، އެނޫހުގެ އިދާރާއަށް ސިޓީއާއެކު ފޮނުވިފައިވާ މަޒުމޫނެކެވެ. އެހެނަސް މިދެނޫހުން ވެސް، އެދުވަސްވަރު މިމަޒުމޫނު ވަނީ ޝާއިޢުކޮށް ނުދީފައެވެ. އެއިރު ލިބުނު ޚަބަރެއް ބުނާ ގޮތުގައި މި މަޒުމޫނު އާފަތިސް ނޫހުން ފޮނުވާލީ މިނިސްޓްރީ އޮފް ޑިފެންސަށެވެ. ވީމާ، މިއަދު، މި މަޒުމޫނު ވިދާޅުވަމުން ވަޑައިގަންނަވާއިރު، 1990 ގެ އަހަރުތަކުގެ ތެރޭގައި، ވިސްނުމާއި ޚިޔާލު ބެހެއްޓެވުން އެދެމެވެ. ފަހެ އެއީ، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަރަށް ހަލަބޮލި ދުވަސްވަރެކެވެ. “ބިންބިފީސް” މާލެ ތެރޭގައި އެންމެ ބާރާއެކު ހަރަކާތްތެރި ވަމުން ގެންދިޔަ ދުވަސްވަރެވެ.
ސައްތައިން ސައްތަ އިސްލާމީ އުއްމަތެއް އެކުލެވޭ ދައުލަތެއް ކަމުގައިވާ “އައްދައުލަތުލް މަޙަަލްދީބިއްޔާ” ގެ ޤާނޫނުއަސާސީގައި “ޢަދުލު އިންސާފުގެ ބާބު” ލިޔުމަށް ކުރެވޭ ބަހުސް ބޮޑުމަޖިލީހުގެ ތަޅުމަށް، އެޖެންޑާ ކޮށްފައި ވަނީ “ޝަރުޢީ ނިޒާމާއިބެހޭ ބަހުސް ކުރުން” މިގޮތަށެވެ. ދިވެހި ދައުލަތަކީ، ސައްތައިން ސައްތަ އިސްލާމީ އުއްމަތެއްގެ ދައުލަތަކަށްވެފައި، އިސްލާމަކު ނޫންމީހަކު، ދިވެހި ދައުލަތުގެ އަމުރުވެރިކަމާއި ސިޔާދަތުގެ ދަށަށް ގާނޫނީ ގޮތުން ނުގެނެވޭކަމަށް ވާނަމަ، ފަހެ، ދިވެހި ދައުލަތަކީ، އިސްލާމީ ދިވެހި ދައުލަތެކެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ޤާނޫނުއަސާސީގައި މިގޮތަށް ނުލިޔަންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެނަސް، ހުޅަނގުގެ ހަންފެތުރުމުގެ ޖާދޫގައި މަދުބަޔަކުޖެހި އާޝޯޚްވެ، ޣަރަގުވެފައި ތިބިލެއް ފުންކަމުން، އަދި ގަންނަ ބިރެއްގެ ބޮޑުކަމާ ހެދި ނުކެރެނީއެވެ.
ރިޔާސީ ނިޒާމެއްގައި ވެރިމީހާއާއި ސަރުކާރު، ބަލަހައްޓައި މަސްއޫލުކުރުވާ، ޒިއްމާދާރު ފަރާތަކީ އެންމެހާ ރައްޔިތުންނެވެ. ރިޔާސީ ނިޒާމެއްގައި، ހުރިހާ ބާރެއް އޮންނާނީ ރައްޔިތުންގެ އަތުގައެވެ. ފަސާދަ ވެފައިވާ ވަރުގަދަ ސައުދާ ގަރުންނާއި ނުލަފާ ޑްރަގްލޯޑުންގެ އަތުން ބާރުތައް އޮންނާނީ، މުޅި ރައްޔިތުންނަށް ހިއްސާވާ ގޮތަށް ބެހިފައެވެ. އެމީހުންގެ މައްޗަށް ސަރުކާރުގެ ތަންފީޒީ އަމުރުތައް ހިންގަން ފަސޭހަވާނެއެވެ. ޕާލަމެންޓުގައި ތިބޭމަދު ބައެއްގެ ނުފޫޒާއިބާރު މުޅިގައުމުގެ މައްޗަށް ހިންގޭނެގޮތެއް ނުވާނެއެވެ. ހުރިހާ ރައްޔިތުންގެ ބަހެއްނެތި ކަންކަން ނުނިން މޭނެއެވެ. ވެރިމީހާ ހޮވުމުގައި އެންމެންގެ ހިއްސާ ހަމަހަމައަށް އެއްވަރަށް ބެހިގެންދާނެ އެވެ. ވެރިމީހާ އާއި ސަރުކާރަކީ، އަބަދުވެސް ރައްޔިތުން ހަވާލު ކުރާކަމެއް އުޖޫރައެއް ދީގެން ވަކި މުއްދަތަކަށް، ޒިންމާދާރު ކުރުވާ ބައެކެވެ. އެންމެ ފުރިހަމަ ގޮތުގައި، މަސްއޫލިއްޔަތު އުފުލަންޖެހޭ ގޮތަށެވެ. މުޅީ ރައްޔިތުންނާއި ހުރިހާ ޕާޓީތަކެއްގެ ފާރަވެރިކަމުގެ ދަށުންނެވެ. އެންމެންގެ ބަލަދު އަރާ ގޮތަށެވެ. މަސްއޫލިއްޔަތާއި ޒިންމާ އުފުލުމާއެކު، ހުރިހާ ކަމަކަށް އަޅާލަން ޖެހޭގޮތަށެވެ. އެންމެ ފުރިހަމަގޮތުގައި ޖަވާބުދާރީ ވާންޖެހޭ ގޮތަށެވެ. މަޖިލީހުން ސުވާލު ކުރެވޭ ގޮތަށެވެ. ވާރުތަވާ ދަރިއަކު ބަލަހައްޓާހެން އަދަބުދީ، މަގަށް އެޅުވުމުގެ ހުރިހާ އިޚްތިޔާރެއް ރައްޔިތުން ނަށް އޮންނާނެ އެވެ.
ދުވަހުންދުވަހަށް ދިވެހި ސިޔާސީޖައްވަށް އަންނަމުންދާ ބަދަލާމެދު، ވިސްނާފިކުރުކުރުމަކީ، ކޮންމެ ދިވެހި ސިޔާސީ މުފައްކިރަކަށް ވާޖިބެކެވެ. ގައުމަށް ހެޔޮއެދޭނަމަ، ކުރަންޖެހޭނެ ކަމެކެވެ. ތިންވަނަ ދުނިޔޭގެ، އެތެރެވަރީގެ ގައުމުތަކުގައި މާދަމާވާނެ ގޮތެއް، ލަފާކޮށް ނިންމާކަށް އެކަކަށްވެސް ނޭގޭނެއެވެ. އެއީ ނުވާނެކަމެކެވެ. ރައީސް މައުމޫނު، ދިވެހި ރައްޔިތުންގެ ހަޒާނާއިން، ރައްޔިތުންގެ ހުއްދައެއްނެތި، އެތައް މިލިޔަން ރުފިޔާއެއް އިނގިރޭސި ކުންފުންޏެއް ކަމުގައިވާ ހިލްއެންޑް ނޯލްޓަނަށް ވަނީ، ހަރަދުކޮށްފައެވެ. ހަމަވީކަމެއް ހަރާމުން ހަރާމެވެ. މާދަމާ ކުރުމަށްޓަކައި ހޯއްދެވި އެއްވެސް ކަމެއް ދިމައެއް ނުވިއެވެ. ދެކޮޅެއް ނުޖެހެއެވެ. ދިޔައީ ފުއްވަޅުން ނެވެ. ފަނުފުލުންނެވެ. ފައިދާނެގީ އެކަމާ އުޅުނު ނިއުމޯލްޑިވްސްއޭ ކިއުނު ބައިގަނޑެކެވެ. އިސްކޮށް ހުންނެވީ ޑޮކްޓަރ އަހްމަދު ޝާހީދާއި ޑޮކްޓަރ ހަސަން ސައީދެވެ. ރައީސް މައުމޫނަށް ލިބެނީލަނޑެވެ. އެންމެންވެސް ދެނީ، ކެއްސެވެ
ﷲ އުޑުތަކާއި ބިން ޙައްޤުގޮތުގައި އުފެއްދެވިއެވެ. ހަމަކަށަވަރުން، އެއީ އެންމެހާ މުއުމިނުންނަށް އެކަލާނގެ ވޮޑިގެންވާކަމަށް ހުރި ދަލީލުތަކެކެވެ. ފަހެ ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ.
“ކަލޭގެފާނަށް ބާއްވާލެއްވުނު ޤުރުއާން ކިޔަވާވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރާށެވެ. ހަމަކަށަވަރުން ނަމާދު، ފާޙިޝްކަންތަކާއި މުންކަރާތްތައް ނަހީކުރެއެވެ. ﷲ ހަނދާންކުރުމަކީ، ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުން ކުރާކަންތައްތައް ﷲ ދެނެވޮޑިގެން ވެއެވެ.”
އާދެ! މިއީ، މުޙަންމަދު ގެފާނަށާއި މުޅިއިސްލާމީ އުންމަތަށް ﷲ ކުރައްވާފައި އޮތް ވަރުގަދަ އަމުރުފުޅެކެވެ. ޙާކިމުންނާއި މަޙްކޫމުންނަށް ތަބާވާންޖެހޭ އަމުރުފުޅެކެވެ. ކޮންމެހުކުރު ދުވަހަކު ހުކުރުނަމާދުގެ ޚުޠުބާ ނިންމާލަނީ، މިމަތިވެރި އަމުރުފުޅު މުޅި ދުނިޔެއަށް ހަދާންކޮށް ދެމުންނެވެ.
22 ޖޫން2006މ، ވީ ބުރާސްފަތިދުވަހު އޮތް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ، ތާރީޚީ ކަމެކެވެ. ތާރީޚީ ހާދިސާއެއް ހިނގާދިޔަ ޖަލްސާއެކެވެ. ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް މަޖިލީހުގެ މެންބަރުން އަމިއްލައަށް ލިޔެ ތައްޔާރުކޮށް ފާސްކުރި މަޖިލީހުގެ ގަވާޢިދުގެ ދަށުން، ހުށަހެޅޭ ބިލްތައް ބަހުސްކުރުމަށް ފަހު، ޖެހެނީ، މަޖިލީހުން ބަލައިގަންނާނެ ބިލެއްތޯ ބެލުމަށް ވޯޓަށް އަހާށެވެ. މިބަހުސްގައި ބަހުސް ކުރުމަށް، ފުރަތަމަ ބުރުގައި ފަނަރަ މިނިޓް ދެއްވައެވެ. ދެވަނަ ފަހަރަށް ވާހަކަ ދެއްކެވުމަށް ފަސްމިނިޓް ދެއްވައެވެ. ތިންވަނަ ޗާންސެއް ނޯވެއެވެ. މިގޮތުގެ މަތިން މާލޭގެ ޢިއްޒަތްތެރި މެންބަރު އިބްރާހިމް އިސްމާޢީލް ހުށަހެޅުއްވި އެއްވެ އުޅުމުގެ ބިލަށް މިޖަލްސާގައި ވޯޓަށް އެއްސެވުމުން މަޖިލީހަށް ބަލައި ގަތުމަށް، ފާހެއް ނުވިއެވެ. ހާޒިރުވެ ތިއްބެވި 36 ބޭފުޅުންގެ ތެރެއިން މިބިލް ބަލައިގަނެ މަޖިލީހުން ކުރިއަށް ގެންދިއުމަކީ، ފެންނަކަމެއް ކަމަށް ވޯޓު ދެއްވީ، އެންމެ ބާރަ މެންބަރުންނެވެ. ނުފެންނަކަމަށް ނުވަ ބޭފުޅުންނެވެ. ވަކިފަރާތަކަށް ވޯޓު ނުދެއްވާ އެގާރަ ބޭފުޅުންނެވެ. އަދި ޙާޒިރުވެ ތިއްބަވާ ވޯޓު ދެއްވުމަށް ސިސްޓަމުގެ ބޭނުން ނުހިއްޕަވާ ހަތަރު ބޭފުޅަކު ތިއްބެވިއެވެ.
އާދެ! އަޅުގަނޑުމެންނަށް، މިހާރަކަށްއައިސް އިވެމުންދާ އެންމެ، ކަންފަތަށް އުނދަގޫކުރާ އެއްއަޑަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާނޭ ނިޒާމަކާ މެދު، ވަކިގޮތެއް ކަނޑަނޭޅިގެން ކުރެވޭބަހުސްގެ އަޑުފަށްގަނޑެވެ. ބޮޑު މަޖިލީހުގެ ތަޅުމުގައި ކުރެވޭ، ޒުވާބު ތަކުގެ އަޑުފަށް ގަނޑެވެ. ރާއްޖޭގެ ބާރުގަދަ މީޑިއާއިން، ޓީވީ އާއި ރޭޑިޔޯ އިން، އަބަދާއި އަބަދު މިއަޑުފަށްގަނޑު އިއްވުމަކީ، ހާދަ ބޮލަށް އުނދަގޫވާ ކަމެކެވެ. އާދެ! ވެރިކަން ކުރާނެ ނިޒާމެއް ހޯދަނީޔޯލައެވެ.
ފަހެ، ދިވެހިރާއްޖެ ދުށް އާދަޔާ ޚިލާފު ސިޔާސީ މުފައްކިރެއް ކަމުގައިވާ، އަލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު، އޭނާގެ މަޝްހޫރު ފޮތް “ދިވެހި ޖުމްހޫރިއްޔާ…… މަރުޙަބާ!” މިފޮތުގެ ފުރަތަމަ ޞަފުޙާގައި މުލީއާގޭ އެޑްރެހުގައި ވަލިއްޔުލް އަމްރުގެ ނަންފުޅުގައި ލިޔުއްވާފައިވާ، ލިޔުއްވުމުގައި ވިދާޅުވެފައި ވަނީ، “ވެރިކަމަށް ކިޔާނޭ ނަމަކާ މެދު، ބަހުސްކުރާނީ މޮޔައިންނެވެ. ރަނގަޅު ވެރިކަމަކީ ހެޔޮގޮތުގެ މަތިން ހިނގަމުންދާ ވެރިކަމެކެވެ.”
އޭ! އަހަރެންގެ ލޯބިވާދިވެހި ޤައުމުގެ، ލޮބުވެތި ރައްޔިތުންނެވެ! ހޭއަރާށެވެ! މިދުވަސްވަރު އަހަރުމެންނައި ދިމާވެފައިވާ ފައްތަރަކީ، ހަމަޖެހޭ ވެރިކަމުގެ ނިޒާމެއްނެތި ޚުދުމުޚްތާރު، އިސްތިބްދާދީ ވެރިޔަކު، ވެރިކަމުގައި، ބަގުޑިބައްދައި ވަކިތައް ހިތްޕާލައިގެން ހުންނަކޮންމެ ޤައުމެއްގައި ދިމާނުވެ، ނުދާނޭ މަރްޙަލާއެކެވެ. މިއީ ޒިންމާދާރު މަޤާމުތައް ދައުރުވާ ގޮތަށް އޮނިގަނޑު ހަމަޖެހިފައި ނޯންނަ ޤައުމުތަކުގައި އަންނާނެ ފައްތަރެކެވެ. މިފައްތަރަކީ، އިންތިޤާލީ ފައްތަރެވެ. ބަދަލުވުމުގެ ދުވަސްވަރެވެ. މިފަދަ އިސްތިބްދާދީ ވެރިންގެ ކިބައިން، ރައްޔިތުންގެ ބާރު އަނބުރާ ރައްޔިތުންނަށް ލިބިގަތުމަށް، ޖިހާދުކުރާނެ ޖަމާޢަތްތައް އަބަދުވެސް އުފެދޭނެއެވެ. އެއްބަޔަކަށް ފަހު، އަނެއް ބަޔަކު ނުކުންނާނެއެވެ. މިހާރުގެ ޒަމާނީ ބަހުރުވައިންނަމަ، އެމީހުންނަކީ ޤާނޫނުގެ ޙުކުމްތައް ތަންފީޒުކޮށް ދެމެހެއްޓުމަށް ޓަކައި ރިފޯމަށް ގޮވާލާމީހުންނެވެ. އިޞްލާޙަށް މަސައްކަތް ކުރުމަށް ފައުޅުގައި ނުކުންނަ ރިފޯމިސްޓުންނެވެ. މުޞްލިޙުންގެ ޖަމާޢަތްތަކެވެ. މުޖާހިދުން ނެވެ. ފުރިހަމަ މަޝްވަރާ އެކުލެވޭ ޑިމޮކްރެސީއަށް ގޮވާލާ ސިޔާސީޕާޓީ ތަކެވެ. އަދި ސިޔާސީ ޖަމާޢަތްތަކެވެ.
ތިމާވެއްޓަކީ، ނާޒުކު އެއްޗެކެވެ. ދިވެހިރާއްޖެއަށް ތިމާވެށީގެ މައްސަލަތައް މަތިވުމާ ގުޅިގެން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަކީ، މުޅިދުނިޔެއަށް ތިމާވެށީގެ ނާޒުކުކަމާއި ވެށީގެ މައްސަލަތައް ސަމާލުކަމަށް ގެންނެވި އެދުރުމީހާ ކަމުގައި މަޝްހޫރުވުމުގެ ބޭނުމުގައި މަސައްކަތްތަކެއް ފެށިގެންދިޔައެވެ. ކޮންމެވެސް މިންވަރަކަށް އާއިލީ ތިމާގެކަމެއްހުރި، ދިވެހި އަންހެނަކައި އިނދެގެންއުޅޭ ބިދޭސީއެއް އެކުލަވާލި ދިރާސާމަސައްކަތެއް ރައީސްމައުމޫނަށް މާކަމުގޮސް ގެންނެވެ. މިބިދޭސީއަކީ، ތަބާޝީރުކާކާގެ ނަމުން މަޝްހޫރު ދިވެހިތާރީޚު ލިޔުންތެރިޔާ، އަލްމަރްޙޫމް އަބްދުލްހަކީމް ހުސައިންމަނިކުގެ އަންހެންބޭފުޅަކާ ކާވެނިބައްލަވައި ގެންއުޅުއްވި ސްވިސް މީހެކެވެ. އެ ދިރާސާރިޕޯޓުގެ އަލީގައި އެތައް މަސައްކަތްތަކެއް ދުނިޔޭގެ ފެންވަރުގައި ފެއްޓެވުމާ ގުޅިގެންނެވެ. މިކަމުގެ ހަދިޔާއެއްގެ ގޮތުގައި މިއަންހެންބޭފުޅާގެ އާއިލާއަށް އޭނާގެބައްޕަގެ ނަމުގައި އދ.ދަނގެތީ ކައިރީގައި އޮންނަ ވަރަށްރީތި ބޮޑުފަޅުރަށެއް، “ތިމާވެއްޓާ، ތިމާގެރަހްމަތްތެރި ރިސޯޓެއް” ހެދުމަށް، ވެދުމެއްގެގޮތުގައި ދެވުނެވެ. ހަދިޔާކުރެވުނެވެ.
“ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ދިވެހިރައްޔިތަކަށްމެ ލިބިގެންވެއެވެ. އަދި ޤާނޫނަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ކުރާއެއްވެސް ކަމަކަށް ހަމައެކަކުވިޔަސް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެއެވެ.”
އަޅުގަނޑު މަތީގައި މިލިޔުނީ، ރައްޔިތުންގެ ބޮޑުމަޖިލީހުގައި މިހާތަނަށް އެންމެހޫނު ގަދަކޮށް ބަހުސްކުރެވުނު މާއްދާއެވެ. އެއީ ވަރަށްކުރުކޮށް ވަރަށްޞަރީޙަ ބަހުން، ކިޔާލަން ވަރަށް ދުލަށް ފަސޭހަކޮށް ލިޔެވިފައި އޮތްދެޖުމްލައެވެ. މިއީ އަލަށް އުފައްދާ އަސާސީގެ ބާބެއް ކަމުގައިވާ “އަސާސީޙައްޤުތަކާއި މިނިވަންކަން” މިބާބުގެ ހަތަރުވަނަ މާއްދާއެވެ. ސުބްޙާނަﷲ އެވެ! ޑްރާފްޓިން ކޮމެޓިގެ މިފަދަ ވިސްނުމަށް ހަލާކުހުއްޓެވެ! އާ އަސާސީގައި މިމާއްދާ ހިމެނިގެންދާނީ، ކޮންހިސާބެއްގައި، ކޮންނަމްބަރެއްގެ ދަށުން ކިތަށްވަނަ މާއްދާގެ ގޮތުގައިކަމެއް އަދިއެއްނޭގެއެވެ.
1932 މ، ވަނަ އަހަރު، ޑިސެމްބަރ 22 ވަނަދުވަހު ދިވެހިރާއްޖޭގައި އަލަށް އިޢްލާން ކުރެވުނު ޤާނޫނުއަސާސީ ނިމޭތާގައި އަޅާނޭ ޢިބާރާތަކާ މެދު، ކުރެވުނު ބަހުސް ހަނދުމަފުޅުހުރީ ބޮޑު މަޖިލީސްގެ ކިތައް މެމްބަރުން ބާވައޭ އަޅުގަނޑުގެ ހިތަށްއަރައެވެ. އާދޭހެވެ! އެކިބޭފުޅުންނަށް ފެނިވަޑައި ގަންނަވާ އެކި ޢިބާރާތްތައް މޭޒުމައްޗަށް ހުށަހެޅެމުން ދެއެވެ. އަލްފާޟިލް ޙުސައިން ޙިލްމީދީދީގެ ދައުރު އަތުވެއްޖެއެވެ. (އަލްފާޟިލް ޙުސައިން ޙިލްމީދީދީ އަކީ އަޅުގަނޑު މެންގެ ރާއްޖެއަށް މިހާރު މަޝްހޫރު އަލްފާޟިލް ޢާރިފްޙިލްމީގެ ލޮބުވެތި ކާފާފުޅެވެ. އިނގިރޭސި ތަޢުލީމުގެ އަރާހުންނެވި ބޮޑު ޢިލްމުވެރި އެކެވެ.) އޭނާއަށް ފެނިވޑައިގަތީ ރައިވަރަކުން ނިންމާލު މަށެވެ. ބައެއް މެންބަރުން ދިޔައީ “އައްޑިހައަށް އަރައިގެންނޭ” ދެންނެވުމުން އެއީ މެންބަރުންނަށް ރައްދުކުރެވުނު އިހާނެތި ބަހެއްކަމުގައި ހިމެނޭނެބާއެވެ؟ ޙުސައިން ޙިލްމީދީދީ ހުށަހެޅުއްވި ރައިވަރަކީ:
ލޮބުވެތި ރައްޔިތުންނޭވެ! ބޮޑުމަޖިލީހުގެ ތަޅުމުގައި އިދިކޮޅުލީޑަރުންގެ ގޮތުގައި އެންމެމަތިހަށި ނަންގަވައިގެން ތިއްބެވި ބޭފުޅުންގެ ގުޅިފައިވާ އަޑަކީ، ހުޅަނގުގެ ޤައުމުތަކުގައި އޮންނަޒާތުގެ ލިބެރަލް ޑިމޮކްރަސީއެއް މި ލޮބުވެތި އިސްލާމީ ދިވެހި ރާއްޖޭގައި ޤައިމުކުރަން މަސައްކަތްކުރާ އަޑެވެ. ގޮވާލާ އަޑެވެ. ގާނޫނު އަސާސީން މިޙައްޤުތައް ވީހާ ލިބަރަލްކޮށް ޒަމީރާއި ހިތުގެއެންމެ ފުޅާމިނަށް އެއްވެސް ޙައްދެއްނެތި، ހުޅުވާ ލުމަށެވެ. ޝަރީޢަތެއް ނެތި، ހުރިހާއެއްޗަކީ، އަސާސީއާއި ގާނޫނުތައް ކަމުގައި ހެދުމެވެ. އިސްލާމީ ޝަރީޢަތުގެ ހުކުމެއްގެ ވާހަކަ އެއް ނުދައްކައެވެ. އަބަދުވެސް ދައްކަނީ، އަދި، އިވޭއަޑަކީ، “ރޫލް އޮފްދަ ލޯ” (ގާނޫނުގެ ހުކުމް) ގެ ވާހަކަ އެވެ. މިއީ އިސްލާމީ ޝަރީޢަތް އޮއްބާލާއި ނެތިކޮށް ލުމަށް، ބޭނުންކުރާ އިސްޠިލާޙެކެވެ. އިސްލާމީ ޝަރީޢަތް ވަޅުޖައްސާލުމަށް ގެންގުޅޭ ބަހެކެވެ. މިއިސްޠިލާޙު އެންމެ ފުރަތަމަ ބޭނުންކުރަންފެށީ، ޞަހުޔޫނީ ޔަހޫދީންނެވެ.
ނޯޓް: މިމަޒްނޫނަކީ، “މިނިވަން” ނޫހުގައި ޖަހައި ނުދީފައިވާ މަޒްނޫނެކެވެ. ޒާތީވެފައިވާތީ، ޖަހައިދެވެން ނެތްކަމަށް މިނިވަން ނޫހުގެ އެޑިޓަރު ވިދާޅުވެއެވެ. ފަހެ، އެހެން ވިދާޅުވާއިރު މިމަޒްމޫނަކީ، އެނޫހުގައި އަޅުގަނޑުގެ ޒާތާބެހި ލިޔެފައިވާ ލިޔުމަކަށް ދެވުނު ރައްދެއްކަން ހަދުމަފުޅު ނެތުނީމާ ހިތާމަކުރަމެވެ. މިއީ މިނިވަން ނޫހުގައި ޖަހައިނުދިން އަޅުގަނޑުގެ ދެވަނަ މަޒްމޫނެވެ. ފުރަތަމަ މަޒްމޫނަކީ، އަޅުގަނޑު ލިޔުނު، “އިއްތިހާދު ހަރުދަނާކުރުން” މިމަޒްމޫނެވެ. އިއްތިހާދު ރޫޅިދިޔައީ އެމަޒްމޫނުގައި އަޅުގަނޑު ފާހަގަކޮށް ފައިވާ ޚިޔާލާއެއް ގޮތަށެވެ.
އިންތިގާލީ ބާބުގެ ބަހުސަކީ، ބޮޑުމަޖިލީހުގައި ހިނގާ، އެންމެ މުހިންމު ބަހުސެވެ. ދިވެހި ޖުމްހޫރިއްޔާގެ، އަލަށް އެކުލަވާލެވޭ އަސާސީގައި ރައީސުލް ޖުމްހޫރިއްޔާގެ ބާބަކީ، ގާނޫނުއަސާސީގެ ހުންގާނެވެ. ރައްޔިތުންގެ މަޖިލިސްގެ ބާބަކީ، ސިކުނޑިއެވެ. މިގޮތުން އެކި ބާބަށް ތަޅުމުގައި އަޅުގަނޑު ދީފައި ވާނީ، އެކިނަން ނަމެވެ. މިހާރު ތަޅުމުގައި އޮތް އިންތިގާލީބާބަށް، ތަޅުމުގައި އަޅުގަނޑުދިން ނަމަކީ، ގާނޫނު އަސާސީގެ ފާލަމެވެ. ފަހެ، މިފާލަން ބިނާކުރުމުގެ ބަހުސަކީ، ވަރަށް ހޫނުގަދަ ބަހުސެކެވެ. ސީދާކޮށް، ދިވެހި ރައްޔިތުންގެ ވިންދާއި ލެއާ ގުޅިފައިވާ ކަމެކެވެ. އަދި، ރައީސް މައުމޫނުގެ ވެރިކަން ނިމުމާ، ގުޅިފައިވާ ކަމެކެވެ. އަދި އަސާސީ އުވާލާ، އާއަސާސީއެއްގެ ފެށުމާއި އާވެރިކަމުގެ ދައުރު އަލުން ގުނަންފެށުމާ ވެސް، ގުޅިފައިވާ ކަމެކެވެ. އަދި، އެއްވެސް ކަހަލަ އިންތިޚާބަކާ ނުލާ ޕާޓީއެއްގެ ނަމުގައި ވެރިކަމަށް އަރާތިބި ބަޔަކަށް އަސަރުން ފުރިގެންވާ ހިތްދަތި ކަމެކެވެ.
އާދެ! ރައްޔިތުންގެ ޚާއްޞަ މަޖިލިސް ކަމުގައިވާ، ދިވެހިދައުލަތުގެ ބޮޑުމަޖިލީހުގެ 11 ޖޫން 2007މ. ވީހޯމަދުވަހު އޮތް، 151 ވަނަ ޖަލްސާއަކީ، ބޮޑުމަޖިލިސް އަނެއްކާވެސް ސިޔާސީއަރަތެއްގެ ތެރެއަށް ގަންބާލި، ރާއްޖޭގެ ކުރިމަގަށް ބޮޑު އަނދިރިކަމެއް ގެނެސްދިން ނާމާން ކަމުގެ ޖަލްސާއެކެވެ. ތަޅުމުގެ އޮއިވަރުން ހިއްލާލި ބޮޑުރާޅު، ގަދަ އުދަޔާއެކު ބިންދާލަނީ ކުރިޔަށް ފަހަތަށް ބަލާލުމެއް، ވިސްނާލުމެއް ނެތި، ހިޔަންޏެއް ފަދަ ވަގުތީ އައްސޭރި އަކަށެވެ. އަނދިރި ކަމެއްގެ ތެރޭގައި އޮތް ނުފެންނާނެ އައްސޭރި އަކަށެވެ. ފަހެ، ދިގުޒަމާން ތަކެއްވަންދެން ކުރެވެމުންދިޔަ ހޫނު ބަހުސްތަކުގެ އަމާޒުގެއްލި ގެންދިޔައީ، ވަގުތީ ޚިޔާލީފޮލާ އެއްގެ ޖަޒްބާތީ ހުވަފެނަކަށް ބަދަލު ވެގެންނެވެ. ވެރިކަމުގެ ފަރާތުން ބޭނުންވާނީ، ވެރިކަމުގެ ބާރުގައި ތިބުމަށް އެންމެދުވަހެއް ވިޔަސް، ހެދުނު އެއްޗެއް ހަދައިގެން، އިތުރުކޮށްލާ ށެވެ.
8 ޖުލައި 2007މ، (އާދީއްތަ) ދުވަހުއޮތް ރައްޔިތުންގެ ބޮޑުމަޖިލީހުގެ 161 ވަނަ، ޖަލްސާ މުތްލަޤުޙުކުމެއްގެ ދަށުން، ރައީސްޤާސިމް އިބްރާހީމް ހުއްޓަވާލައްވައި ދުވަސްކޮޅަކަށް އެމަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައްވައި ފިއެވެ. މުޠްލަޤުޙުކުމަކީ، އެހެންމީހުންގެ ޙައްޤުތަކަށް އަޅާލުމެއް، ބަލާލުމެއްނެތި ޚުދުއަމިއްލަ ޝަޚްޞީބާރުން، އެހެންބައެއްގެ މައްޗަށް ހިންގާ އިސްތިބްދާދީ އަމުރެވެ. ފަހެ، ބޮޑުމަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ބާރުލިބިހުރެ، އަޅުގަނޑު ދަންނަވާނީ، ފުރުޞަތަކަށް އެދުމުން އަނގައިންބުނުމުގެ ޙައްޤުނުދެއްވައި ޖަލްސާނިންމާލެއްވީ، ވަރަށް އޮޓޯކުރޭޓިކް ގޮތަކަށެވެ. ރައީސްޤާސިމުގެ މިޢަމަލުން، އަޅުގަނޑުގެ ހިތަށް ސިފަވެގެން ދިޔައީ، އެހެންމީހުންގެ ޙައްޤުތަކަށް ބަލާލުމެއްނެތި، މުޠްލަޤުއަމުރުތައް ނެރުނު ހެޓިލަރުމެންފަދަ ޖައްބާރު، ރައީސުންނަށެވެ.
“މިމަޒްމޫނަކީ، 15 ޑިސެމްބަރ 2007މ. ދުވަހުލިޔެ “މިނިވަން” ނޫހުގައި ޖަހައިދިނުމަށް އެދި ފޮނުވުނު މަޒްމޫނެކެވެ. އެހެނަސް އަނެއްދުވަހުގެ ނޫހުގައި ޖަހައިދޭނެ ކަމަށް އީމެއިލަކުން ޖަވާބުދިނުމަށް ފަހު، ޖަހައެއްނުދިނެވެ. ދެން މިމަޒްމޫނު ފޮނުވީ، “ޖަޒީރާ” ނޫހަށެވެ. އެނޫހުންވެސް ޖަހައިނުދީގެން ގުޅީމައި ބުނީ، މަޒްމޫނުގައި ބައެއް ޢިބާރާތްތައް ހުރިގޮތުން، ޖަހައިދެވެން ނެތްކަމަށެވެ. ޚާއްސަކޮށް ނެގީ، އާލަފުޒު ތަކެއްގެ ވާހަކައެވެ. ވިދާޅުވީ، ސެންސަރާއި އެޑިޓް ކުރުމާއެކު، ޖަހައިދިނުމަށް ވިސްނިދާނެ ކަމަށެވެ. އެކާވީސް ވަނަ ޤަރުނުގައި ނޫސްވެރިކަން ޒަމާއެއްފަރަކަށް ހުޅުވިފައި ވަނިކޮށް މިފަދަ މަޒްމޫނެއް ޖަހައި ނުދިނުމަކީ، މިދެނޫހުގެ ނޫސްވެރިކަން ވަކި މަޤްޞަދެއްގެ ތެރޭގައި ހިފޭއްޓިފައި ހުރިކަން ހާމަކޮށްދޭ ސާބިތު ހެއްކެކެވެ. މިނިވަންނޫހޭ ކިޔަސް އެއީ ވަކިސިޔާސީ މަޤްޞަދެއްގައި ނެރެވޭ ނޫހެއްކަން ސާބިތުވީއެވެ.
“ކުރިންނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ”. މިއީ ދިވެހިން ބުނެ އުޅޭ ހަރުބަހެކެވެ. ދުލަށް ފަސޭހަ ކުރުޖުމްލައެކެވެ. އެހެނަސް މާނަފުންވެފައި ބުރަދަން ބޮޑެވެ. ހިކުމަތް އެކުލެވިފައި ވެއެވެ. ރައްކާތެރި ވުމަށް، އަޅާފިޔަވަޅު ތިމާގެ ހަލާކަށްވެފައި ވެސް އެބަހުއްޓެވެ. ނިޔަތާއި މަގްސަދު ގޯސްވެއްޖެނަމަ، ކުރި މަރުވީއެވެ. ބަލިޖެހި ގުރުނޑުވީއެވެ. ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް، ފެނާއި އޭތިމީތި އެޅިޔަސް އެގުރުނޑުވުމެއް ފަހަކުން ރަނގަޅެއް ނުކުރެވޭނެއެވެ. އަދި ކުރިންހުރި ދިރުމާއި ވިންދު، ފަހަކުން ނުވެސް ދިރުވޭނެއެވެ. ކުރާކޮންމެ ކަމެއް ދެންދާނީ ގޯހުންގޯހަށެވެ.