ސަރުކާރު ހަރުދަނާވުން ވަރަށް ބޭނުންތެރިއެވެ.

އޭ! ރައްޔިތުންނޭވެ! ދަންނާށެވެ! މިވާނުވާ އޮޅުން ފިލުވާށެވެ! ކޮންމެގައުމެއްގައި ވެސް ހަރުދަނާ ސަރުކާރެއް އޮތުމަކީ، އެންމެ ބޭނުންތެރިކަމެވެ. ރައްޔިތުންގެ އެންމެބޮޑު އެދުމެވެ. ރައްޔިތުންގެ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކާ އެއްގޮތަށް ސަރުކާރު ހަރުދަނާ ކުރަންޖެހޭނެއެވެ. ޒިންމާދާރު ވާންޖެހޭނެއެވެ. އެކަން ފުރިހަމަ ނުވާ ސަރުކާރެއްނަމަ ވީހާއަވަހަށް އެކަން ފުރިހަމަ ކުރަން ޖެހޭނެއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އެކަމާ ޒިންމާވާން ޖެހޭނެއެވެ. ރައްޔިތުންގެ ތެޅެމުންދާ ވިންދާއި ކެކުޅެމުންދާ އިހްސާސްތަކަށް ހަމަހިމޭންކަމާއި ގަރާރުވުން ގެނެސް ނުދެވޭ ސަރުކާރަކީ، ފުރިހަމަނުވާ ސަރުކާރެކެވެ. ޅަފަތުގައިއޮތް ނުކުޅެދޭ ސަރުކާރެކެވެ. ކަސިޔާރު ކަމެއްގެ ތެރޭގައި އިސްތިބްދާދައި ދިމާއަށް ދަތުރުކުރާ ސަރުކާރެކެވެ. ޑިކްޓޭޓަރޝިޕަށް ލެނބޭ ސަރުކާރެކެވެ.

ކޮސޯވޯ މިނިވަން ދައުލަތެއްގޮތުގައި ގަބޫލުކުރުވުމަށް ރާއްޖެއަށް ދެމިލިޔަންޑޮލަރުގެ ރިޝްވަތު.

ފަހެ ދަންނާށެވެ! ސަރުކާރުން ސިޔާސީ ކަންކަމުގައި ރައްޔިތުން ވެބޫހައްދައިގެން ނުވާނެއެވެ. އަދި އެބީދައިން ސިޔާސީ އެއްވެސްކަމެއްގެ ހަގީގަތް އޮޅުވާލައިގެން ނުވާނެއެވެ. އެކަން ކުރެވޭނަމަ އެއީ ވަރަށްބޮޑު ގޯހެކެވެ. ރައްޔިތުންނަށް ދެވޭ، އަނިޔާއެކެވެ. ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުން ތިލަވި، އެންމެނާޒުކު ސިޔާސީ ކަމަކީ، ދުނިޔެއަށް ވިދާލި ޖޯސެފްޓީޓޯގެ ބާރުގަދަ ސޯސިއަލިސްޓް ފެޑަރަލް ރިޕަބްލިކް އޮފް ޔޫގޯސްލާވިޔާ ރޫޅިކުދިކުދި ވެގެންގޮސް، 2008 ފެބްރުއަރީ 17 ގައި އަމިއްލަ ދައުލަތެއްގޮތުގައި މިނިވަންކަން އިއުލާނުކުރި ރިޕަބްލިކް އޮފް ކޮސޯވޯ، ދިވެހި ރާއްޖެއިން މިނިވަން ދައުލަތެއް ގޮތުގައި ގަބޫލުކުރީ، މިހާރުގެ ސަރުކާރުން ބަޔަކު، ރިޝްވަތު ހިފައިގެން ކަމަށް އެރިއަޑެވެ. ސާބިޔާއިން ވަކިވެ، ކޮސޯވޯގެ މިނިވަންކަން، 120 މެމްބަރުން ހިމެނޭ ކޮސޯވޯގެ ރައްޔިތުންގެ މަޖިލީހުގެ (ކޮންސްޓިޓިއުޝަނަލް ފްރޭމްވަރކް ފޯދަ ޕްރޮވިޝަނަލް ސެލްފްގަވަރމެންޓް އޮފް ކޮސޯވޯ) 100 ވޯޓުގެ އަޣްލަބިއްޔަތުން ފާސްކޮށް، އިއުލާނު ކުރުމާގުޅިގެން ދާދިއަވަހަށް ޔޫއެންގައި ހިމެނޭ، 56 ގައުމަކުން، ކޮސޯވޯގެ މިނިވަންކަން ގަބޫލުކޮށްފިއެވެ. އޭގެތެރޭގައި ޔޫއެސް، ޖާމަނީ، އިޓަލީ، ފްރާންސް، ޔޫކޭ، އަދި ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން) ހިމެނެއެވެ. މިކަންހިނގީ، ރަޝިޔާ އާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ވަރަށް ފާޅުގައި ދެކޮޅުހަދަމުން ދަނިކޮށެވެ.

ދުރުރާސްތާގެ ޚިޔާލީފޮލާ ކެއްކުމުގެ ވާހަކަތައް މަދުކޮށް، ކުރުރާސްތާގެ ކަންކަމަށް އަމަލީސިފަގެންނަން ވެއްޖެއެވެ.

ފަހެ ދަންނާށެވެ! ދިވެހިރައްޔިތުންގެ އެންމެމަތީ “ގެ” ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ދައުރުންބޭރު ޖަލްސާތަކެއް ބާއްވައިގެން ހާސިލުކުރެވުނު ނަތީޖާ، ރައްޔިތުންނަށް އެއްގޮތަކަށް ވެސް ނުފެނުނެވެ. ޖެހުނީ ހަމަޖެހުނު ތަނުގައެވެ. ކުރިފައިދާއެއް ނެތެވެ. ބޭކާރު ވާހަކަތަކެއް ދެކެވިއްޖެއެވެ. އަރާރުންތަކެއް ވެއްޖެއެވެ. ބައެއް ސިޔާސީ މީހުންގެ އިހުސާސްތަކަށް ވަގުތީގޮތުން ފިނިކަމެއް ލިބިއްޖެއެވެ. ޖުމްލަކޮށް ރައްޔިތުންނަށް ހާސިލުވި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ފަހެ ޗުއްޓީގެ ދުވަސްވަރު ޗުއްޓީއަށް ހައްދަވާފައި ދައުރުފެއްޓެވި ނަމަވެސް، ހާސިލުވީހީ ހަމައެއް ނަތީޖާއެއްކަން ކަށަވަރެވެ. މުޅިދުނިޔޭގެ އިގްތިސާދަށާއި ދިވެހިރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން، އިއްޒަތްތެރި އަމިއްލަ މެންބަރެއްގެ ހީވާގި މަސައްކަތް ޕުޅުން، ދާދިފަހުން މަޖިލީހުގެ ތަޅުމުގައިވެސް ސީދާކޮށް މިބަހުސް ކުރެވިއްޖެއެވެ. މިހާތަނަށް އިވިގެންދިޔައީ ހަމަހުސް އަނގަތެޅުން ތަކެކެވެ. ކުރެވުނުކަމެއް، އެޅުނުފިޔަވަޅެއް އަދިނެތެވެ. އިގްތިސާދީ މާހިރުންގެ ކޮމެޓީއެއް އުފެދިދާނެހެން ހިޔެއްނުވެއެވެ. ފަހެ، ދުނިޔޭގެ އިގްތިސާދަށް އަންނަމުންދާ ބަދަލާއެކު، ރާއްޖޭގެ އިގްތިސާދު އޮތީވަރަށް ޚުތޫރަތްތެރި، އަދި އެހާމެނާޒުކު އަނދަވަޅެއްގެ ތެރޭގައެވެ. ކިރިޔަކިރިޔާ ބަނގުރޫޓުނުވާ ހިސާބުގައެވެ.

އާސަރުކާރަށް މަރުހަބާ!

ފަހެ، ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! 2008 ނޮވެމްބަރ 11 ވީ އަންގާރަދުވަހުން ފެށިގެން ހިނގަމުންދަނީ، ރައީސް ނަޝީދުގެ ސަރުކާރެވެ. މުޅިންއާ ސަރުކާރެކެވެ. އެމްޑީޕީ އިއްތިހާދުން އުފައްދާފައިވާ ސަރުކާރެވެ. މިއިއްތިހާދާއެކު އިތުރުފަސް ސިޔާސީ ޕާޓީއެއް ގުޅިފައިވެއެވެ. ނޮވެމްބަރ 25 އަށް އާސަރުކާރަށް ބަރާބަރު 15 ދުވަސްވާނެއެވެ. އަޅުގަނޑު މިމަޒްމޫނުގައި އަލިއަޅުވާލަން ބޭނުންވަނީ، އާސަރުކާރުގެ ފުރަތަމަ 7 ދުވަހަށެވެ. އަޅުގަނޑު ހިމެނިގެންވާ ރައްޔިތުންގެ އާސަރުކާރަށް ހިތުގެއަޑިން މަރުހަބާ ދަންނަވަމެވެ. ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެއަޑިން މަރުހަބާ ދަންނަވަމެވެ. އާސަރުކާރެއްގެ ފުރަތަމަ 7 ދުވަހަކީ، ވަރަށް މުހިންމު ދުވަސްކޮޅެކެވެ. ނާޒުކު ދުވަސްކޮޅެކެވެ. އެންމެ ޅަފަތުގެ ދުވަސްކޮޅެވެ. އަލަށް ދަރިޔަކު ލިބުމުންވެސް ފުރަތަމަ 7 ދުވަހުގެ ތެރޭގައި ކުރަންޖެހޭ މުހިންމު ކަންތައްތަކެއް އިސްލާމް ދީނުގައި އަމުރުކުރެވިފައި އެބަހުއްޓެވެ. އަދި ދިވެހިންގެ ޒަމާންވީ ސަގާފަތުގައި އަށަގަނެފައި އެބަހުއްޓެވެ. އެއީކޮންމެހެން ވެސް ކުރަންޖެހޭ ކަންތަކެވެ. ފިތުރަތެވެ. ސުންނަތެވެ. ރައްޔިތުންގެ ވިންދާ ގުޅިފައިވާ ކަންތަކެވެ. އެކަންތައްތައް އޭގެވަގުތުގައި ކުރެވެމުންދާތަން ނުފެނިއްޖެނަމަ، ހިތްހަމަނުޖެހޭނެ އެތައްބަޔަކު ތިބޭނެކަން ކަށަވަރެވެ. އެއީ އެކަންވާނެ ގޮތެވެ.

ރައީސްމައުމޫނުގެ ވެއްޓުން.

ޝައްކެއް ވަސްވާހެއްނެތެވެ! ހަމަކަށަވަރުން ހައްގު އަތުވެއްޖެއެވެ. މިއަދަކީ ނަސްރުގެ ދުވަހެވެ. ﷲ ނަސްރާއި ފަތަހަ ދެއްވައި ފިއެވެ. މީސްތަކުން ބައިބަޔަށް އުފާކުރަން ފަށައިފިއެވެ. މިމަހު، (ނޮވެމްބަރ) އެގާރަވަނަ ދުވަހު ބޮޑުއީދު އަންނަނީއެވެ. އުފަލުން ފުރިގެންނެވެ. ނަސްރާއި ކާމިޔާބުން ފުރިގެންނެވެ. ދުވަސްވީ އަނިޔާވެރި ސަރުކާރަކުން، ތާހިރު ޑިމޮކްރަސީއަށް ބަދަލުވަނީއެވެ. އަނެއް ރާއްޖެއަށް ވާސިލުވަނީއެވެ. ވަތަންއެދޭގޮތަށެވެ. ފަހެ، މިހިނދު ހައްދަވައި ބޮޑުކުރެއްވި ﷲ އަށް ހަމްދުސަނާއިން ތަސްބީހަ، ވިދާޅުވުމަށް ދަންނަވަމެވެ. ﷲ އަށް ޝުކުރުވެރި ވުމަށް ހަދާންކޮށް ދެމެވެ. ރާއްޖެއިން ބާތިލު ނައްތާލުމަށް ގޮވާލަމެވެ. ވެވަޑައިގެންނެވި ވައުދުތައް އެންމެ ފުރިހަމަގޮތުގައި ފުއްދައި ދެއްވުމަކީ، ލާޒިމުޝަރުތެކެވެ. ފަހެ، މިލިބުނު އުފާވެރިކަމުގެ ހިތްހަމަޖެހުން ލިބިގަންނަމުން، ދިވެހިންނަށް ހައްގުމަގަށް ގޮވާލުމުގައި ދެމިއޮތް، އިސްލާހީ ހަރަކާތް ހަދާނަށް ގެންނަމެވެ. 1980 ވަނައަހަރުން ފެށިގެން މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއް ހަދާން ކުރަމެވެ. އިސްލާހީ ހަރަކާރުގެ ފަހުބައިގާ މަޝްހޫރު ވެގެންދިޔަ، “ސަންދާނު” މަޖައްލާ ހަދާނަށް ގެންނަމެވެ. އަދި އެމަޖައްލާގެ ފަހަތުގައި ތިއްބެވި ކެރޭ، ހީވާގި ހަތަރު ފަހުލަވާނުންގެ ޖިހާދު ހަދާނަށް ގެންނަމެވެ. ސަންދާނު ޒަކީއާއި ސަންދާނު އިބްރާހީމް ހަރަކާރްތެރި ވަމުން ގެންދެވީ ރާއްޖޭން ބޭރުގައެވެ. މުސްތަގުބަލުގައި އެއީ މިރާއްޖޭގެ ސަފީރުންނެވެ. ޒަކީއަށް މެލޭޝިޔާގެ ސަފީރުކަން ހައްގެވެ. އިބްރާހީމަށް ޖެނީވާގެ ސަފީރުކަން ހައްގުވާނެއެވެ. އަދުގެ މުންތަޚަބު ރައީސް ނަޝީދު މިދެމުޖާހިދުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވާން ޖެހޭނެއެވެ.

ޢަދުލު އިންސާފުގެ ބާރު.

ދަންނާށެވެ! ރައްޔިތުންގެ ވެރިކަމެއްގައި އެންމެ އިސް ބާރަކީ ޢަދުލުއިންސާފުގެ ބާރެވެ. ޢަދުލު އިންސާފުގެ ބާރަކީ ވަކި މުސްތަޤިއްލު ބާރަކަށް ނުވެއްޖެނަމަ، މުޅި ސަރުކާރުގެ ބާރުގެއްލި ގަދަ މީހާއަށް ގަދަ ވެގަނެވުނީއެވެ. ބަލިމީހާ ނިކަމެތިވީއެވެ. ހައްގުތައް ގެއްލުނީއެވެ. މިއީ ރޫޅުމާއި ހަލާކުގެ ފެށުމެވެ. މިހިސާބުން ޢަދުލު އިންސާފު ގެއްލި ރައްޔިތުންގެ ޙައްޤުތައް ފުޑުފުޑުވީއެވެ. ބަރުބާދުވީއެވެ. މާސިންގާ ކަނޑުގެ އާދަކާދައާއި އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ ސަރުކާރުގެ ހަމަތަކާއި އުސޫލުތައް ބަދަލުވީއެވެ. ފަހެ، މިއީ ރައްޔިތުން ކާމިޔާބުވުމަށް އޮތް މަގެއްނޫނެވެ. ހަމަތަކެއް ނޫނެވެ. ފަހެ، ދަންނާށެވެ! އިންސާނާގެ ކާމިޔާބަކީ، ﷲ އެކަލާނގެ ރަސޫލާއަށާއި މުޅިއުންމަތަށް ވިދާޅުވެދެއް ވުމަށް އަމުރުކުރެއްވި މާތް އަމާޒެވެ. އަދި މިއީ، ދިރިތިބުމުގެ މާތް މަގްސަދެވެ. ފަހެ، ﷲ ޢަމުރު ކުރެއްވިއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ނަމާދާއި އެހެނިހެން އަޅުކަމާއި ތިމަން ކަލޭގެފާނުގެ ދިރިހުރުމާއި، ތިމަން ކަލޭގެފާނުގެ އަވަހާރަވުން ވަނީ، ޢާލަމްތަކުގެ ވެރި ﷲއަށެވެ. އަލްއަންޢާމް ސޫރަތުގެ 162 ވަނަ އާޔަތާއި އަދި ޖެހިގެން އޮތްއާޔަތުގެ ތަފްޞީލް ބައްލަވާ ލައްވާށެވެ.

މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ އެވޯޑް ދިނީ، ރެލިޖަސްފްރީޑޮމް ހޯދުމުގެ ބޭނުމުގައެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ދެކެދެނެތިބެ ދަންނާށެވެ! މުސްލިމުންނާ ޒާތީގޮތުންނާއި ރޫޙީގޮތުން އެންމެދެކޮޅުވެރި، ޔާހޫދީންނާއި ނަސާރާއިންގެ ފަސްގަނޑުން އިސްލާމުންނަށް، އިސްލާމުން ގެންގުޅެންވީ ފްރީޑޮމާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ތަމްސީލު ކުރުމަށް އަޑީގައި އެމެރިކާގެ ސަރުކާރު އޮވެގެން މުސްލިމް ޖަމާއަތެއް ލައްވާދެމުން ގެންދާ، “މުސްލިމް ޑިމޮކްރޭޓް އޮފްދައިޔާ” އެވޯޑް 2009 ލިބިގެން މިދިޔައީ، ދިވެހިރާއްޖޭގެ ދަރިއަކަށެވެ. ކުޅަދާނަ ޑިޕްލޮމޭޓަކަށެވެ. މީސްތަކުން ތެރޭގައި މަތީފަށަލަ ރީތިކޮށްގެން އުޅެންދަންނަ ފިލޯސަފަރަކަށެވެ. ކުރީގެ އަނިޔާވެރި ޚުދުމުޚްތާރު ސަރުކާރުގަޔާއި ރައްޔިތުން އިސްލާހީ ބަދަލަކަށް އެދި ވެރިކަމަށް ގެނައި ސަރުކާރުގައި ވެސް ޚާރިޖީވަޒީރަކަށް ހުންނެވުމުގެ ނަސީބުވެރިޔަކަށް ވެގެންދިޔަ، ޑޮކްޓަރ އަހްމަދު ޝަހީދަށެވެ. މިޝަޚްޞިއްޔަތުގެ މާޒީއާއި މިހާރުގެ ހާލަތު ދިވެހި ރައްޔިތުން ވަރަށް ރަނގަޅަށް ދަނެއެވެ. އިތުރަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އަދި އިތުރަށް ލިޔާކަށްވެސް ނުޖެހޭނެއެވެ. ފުރިހަމަ ކުޅަދާނަ ޑިޕްލޮމޭޓުންނަކީ، ސަމްސަލުގެ ދައުރު ވަރަށް ފުރިހަމަކޮށް ހުރިހާތަނެއްގައި ވެސް އަދާކުރަން ދަންނާނެ ކުޅަދާނަ ބޭފުޅުންނެވެ. އެކަން ދިވެހިންގެ ހިތްތަކުގައި ފުށްވަޅު ނެގިފައި ހުންނާނެކަން ކަށަވަރެވެ. މިއަދު އެހެން ކުލައެއްގެ ޚާރިޖީ ފޭރާމެއްގައި ފެންނަން ހުންނެވިޔަސް ރައްޔިތުންގެ ހިތްތަކުގައި އުފެދިފައި ހުރި، ތުނިޓިޝޫތަކުގެ ފަތްފުށްތަކުގައި އެހަދާންތައް ވަނީ، ކަނޑާނެގި އާވެއާވާގޮތަށް ތާއަބަދަށްޓަކާ ހަރުލާފައެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 9

ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ލޯނާއި ހިލޭލޯނާއި އެހީތަކާއި ބޭރަށާއި އެތެރޭގެބައެއް ކަންކަމަށް ގަނޑުކޮށް ނަގުދު ފައިސާޚަރަދު ކުރުމުގެ އިތުރުން ދެންހުރިހުރިހާ ހިސާބުތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވަރަށްރަނގަޅަށް ބެލެހެއްޓިފައި ހުރިކަމަށް އޮޑިޓަރޖެނެރަލްގެ ރިޕޯޓުގައި ވިދާޅުވެފައި ވެއެވެ. ނަގުދުފައިސާގެ ކަންތައް އޮޅުންބޮޅުން ތެރޭގައި ހުރެފައި ދެންހުރިހާ ހިސާބުތަކެއް ފުރިހަމަކޮށް ރަނގަޅަށް ހުރުމުން އެނގެނީ، މިފަދަގޮތަކަށް ދައުލަތުގެ ފައިސާގަނޑުކޮށް ޚަރަދު ކުރެއްވުމަކީ، ރައީސްމައުމޫނު ގަސްދުގައި ކުރައްވާފައިވާ ކަމެއްކަމެވެ. ދައުލަތުގެ ފައިސާއަށް ބޭނުންފުޅުގޮތެއް ހެއްދެވުމުގެ ވިސްނުމުގައި ކުރައްވާފައިވާ ކަމެއްކަމެވެ. ދައުލަތުގެ ފައިސާގައި ނަހަމަގޮތުގައި ޖެހިވަޑައިގެން ނެވުމުގެ ބޭނުމުގައި އަމިއްލަފުޅުބޮޑު ރޭވުމެއްގެދަށުން ކުރައްވާފައިވާ ކަމެއްކަމެވެ. ފަހެ، ކޮންމެހެން ބަލަހައްޓަން ޖެހޭފައިސާގެ މުހިންމު ބައިތަކަށްވަނީ، ވަރަށްބޮޑަށް އިހުމާލު ވެފައެވެ. ގަސްދުގައި އަޅާނުލައްވާފައެވެ. ދައުލަތަށް ޚިޔާނާތްތެރި ވެފައެވެ. ހިސާބުތައް އެއްގޮތަކަށްވެސް ބަލަހައްޓަންޖެހޭ ގޮތަށް ބަލަހައްޓާފައެއް ނެތެވެ. ލިޔެކިޔުންތަކާއި އެގްރީމަންޓުތައް ވެސް ފެންނަ ހިސާބެއްގައި ބަހައްޓާފައެއް ނެތެވެ. ވަނީ ފޮރުވާފައެވެ. ނުވަތަ ނައްތާލާފައެވެ. އެންމެފަހު ވަގުތުގައި އަންދާލީކަމަށް ވެސް ވެދާނެއެވެ. މިއީ ގަސްދުގައި ކޮށްފައިވާ ކަމެއްކަން ޔަގީނެވެ. ބޮޑުވެގެންވާ ޖަރީމާއެކެވެ. ސުވާލުކުރެވެން ޖެހޭނެކަމެކެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 8

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ސަރުކާރުގެ އިދާރާތަކާއި ވަޒީފާތަކަށް ސިޔާސީގޮތުން ގެންނަބަދަލުތައް ފާހަގަ ކުރައްވާފައި ވެއެވެ. މިގޮތުން ވޭތުވެދިޔަ ތިންއަހަރެއްގެ ތެރޭގައި ވަރަށް ބޮޑެތިބަދަލުތައް ސިޔާސީގޮތުން ގެނެސްފައި އެބަހުއްޓެވެ. މީހުންގެ ގާބިލިއްޔަތަށް ބަލާލުމެއްނެތި ބޮޑެތިމަގާމުތައްދީ އެފަދަ ފަރާތްތަކަށް ވަޒީފާ ދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތައް އަލުން ބަލުން ވުޖޫދަށް ގެނެސް، އުފައްދަވާފައި އެބަހުއްޓެވެ. އެއިދާރާތަކަކީ، ރައްޔިތުންނަށް އެއްވެސް ފައިދާތަކެއްކުރާ ތަންތަނެއްނޫނެވެ. މިއީ އަދި އަލަށްހެދުނު ގާނޫނުއަސާސީގެ ދަށުން ގެނެވުނު ބަދަލުތައް ނުހިމަނާ ޚުދުރައީސް މައުމޫނު ކުރައްވާފައިހުރި ކަންތަކެވެ. މިނިސްޓަރުންނާއި އިސް މަވައްޒަފުން ވަރަށްއަވަސް އަވަހަށް ބަދަލު ކުރެއްވުމާ ގުޅިގެން މުޅިންއާ މުއައްސަސާތައް ވުޖޫދަށްގެނެސް އުފައްދަވާފައި އެބަހުއްޓެވެ.މީގެތެރޭގައި ކޮމިއުނިޓީ އޯގަނައިޒޭޝަން ކައުންސިލާއި ޕަބްލިކް އެންޓަރ ޕްރައިސަސް ކޮމިޝަނާއި ތައުލީމާބެހޭ ގައުމީމަޖިލިސްފަދަ އިދާރާތައް ޚާއްސަކޮށް ފާހަގަ ކުރެވެއެވެ. ފަހެ، މިއިންކޮންމެ އިދާރާއަކީ، ބަލަދު އަރައިގެންއުޅޭ އުމުރުން ދުވަސްވީ މިނސްޓަރުންނާއި ސިޔާސީގޮތުން ބަލަދު އަރައިގެންއުޅޭ އިސްމުވައްޒަފުން ތަކެއް ބަލަހައްޓަން އުފައްދަވާފައިހުރި ބޭކާރު އިދާރާތަކެކެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 7

ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ރައީސް މައުމޫނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުތަކުގެ ޚަރަދުތައް ވެސް ވަރަށް ތަފްސީލުކޮށް ބެލެހެއްޓެން ޖެހޭނެއެވެ. މިފަދަ ދަތުރުތަކުގެ އެންމެހާ ބައިވެރިންގެ އެއާޓިކެޓާއި ހުންނެވުމާއި ފަރިއްކޮޅާއި ދަތުރުގެ ހުރިހާޚަރަދެއް ކުރައްވާފައިވަނީ ރައީސް އޮފީހުންނެވެ. މިގޮތުން ދަތުރުތަކުގެ ބައިވެރިންގެ ތިއްބެވުމަށާއި ފަރިއްކުޅުއް ވުމަށާއި އަދި ދަތުރުގެ އެހެނިހެން ޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ، ނަގުދުފައިސާއިން ގަނޑުކޮށް ބޭރުފައިސާގެ ގޮތުގައި ޑޮލަރުން ނަގަނީ، އެމްއެމްއޭ އިންނެވެ. ދައުލަތުގެ ބޭންކުންނެވެ. މިފައިސާއާ ހަވާލުވަނީ، ފޮރިން އެފެއާޒުން ދަތުރުގައި ބައިވެރިވާ ޗީފްޕްރޮޓޮކޯލެވެ. މީގެން އެންމެ ދަތުރުފުޅަކަށް ވަރަށްގިނަ އަދަދަކަށް ނަގުދުފައިސާ ޑޮލަރުން ނަންގަވައިގެން ކޭޝްފައިސާގެ ގޮތުގައިޚަރަދު ކުރައްވަމުން ގެންދަނީ އެއްވެސް ބަލާލުމެއް ނެތިއެވެ. ހިތަށްއެރިގޮތަކަށެވެ. އެއްވެސް ތަފްސީލު ހިސާބެއް ބެއްލެވުމެއް ނެތިއެވެ. އެއީ ކޭޝްގޮތުގައިނަގާ ފައިސާއެކެވެ. ފަހެ އެހިސާބުން ހިސާބެއް ކިތާބެއްނެތި، އެނިމުނީއެވެ. ދަތުރުގައި އިސްކޮށް ވަޑައިގަންނަވާ ރަސްގެފާނުގެ ދީލަތިކަމުން ދެއްވާއެއްޗެއްގެ ގޮތުގައި ހަމަޖެހެއެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓް ރިޕޯޓަށް ބަލާލުމެއް – 6

ފަހެ ދަންނާށެވެ! 2008 އޮގަސްޓް މަހުގެނިޔަލަށް ރައީސް މައުމޫނު ދިހައަތޮޅަށް ޑީއާރުޕީގެ ފަރާތުން ކެންޕޭން ކުރެއްވުމަށް ދަތުރު ކުރައްވާފައިވާ ކަމަށް އޮޑިޓަރޖެނެރަލް ފާހަގަ ކުރައްވާފައި ވެއެވެ. މައްސަލައަކީ، މިދަތުރުތަކަށް ރައީސް އޮފީހުން އެއްވެސް ޚަރަދެއް ކުރައްވާފައި ވާކަމުގެ ލިޔުމެއް ފެންނަން ނެތުމެވެ. އެހެނަސް ދައުލަތުގެ އެހެން މުއައްސަސާ ތަކުން މިދަތުރުތަކަށް ޚަރަދު ހިނގާފައި ވެއެވެ. މިއިން އެއްވެސް ހިސާބެއް ރައީސް އޮފީހުގައި ބެހެއްޓިފައެއް ނުހުރެއެވެ. އެކައުންޓިންއާއި އެކައުންޓަބިލިޓީ އުސޫލަށް ބަލާއިރު މިކަންކުރަން ޖެހޭނެ ގޮތަކީ، ރައީސުލް ޖުމްހޫރިއްޔާއަށް އެހެން އިދާރާތަކުން އަރުވާ ޚިދުމަތްތަކުގެ ޚަރަދުގެ ތަފްސީލް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށްފޮނުވި، އެއޮފީހުގައި އެއްކުރެވިފައި ހުރުމެވެ. ރައީސް މައުމޫނު ރިޔާސީ ކެންޕޭނުގައި އުޅުއްވިއިރު ސަލާމަތީގޮތުން އަރުވަންޖެހޭ ހުރިހާ ޚިދުމަތެއް ދައުލަތުގެ ޚަރަދުގައި ދެވެންޖެހޭނެއެވެ. އެހެނަސް ދައުލަތުގެ ތަކެއްޗާއި ވަސީލަތްތައް ކެންޕޭނުގައި ހިލޭބޭނުން ކުރެވޭގޮތެއް އެއްވެސް ގައުމެއްގައި ހުއްދަކޮށްފައެއް ނޯވެއެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 5

އޭ! ދިވެހި ރައްޔިތުންނޭވެ! ދަންނާށެވެ! އެކައުންޓިން އާއި އެކައުންޓަބިލިޓީ، އަދި ބަޖެޓްއުސޫލުތައް ތަންދެނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުން ހަމައެކަނި ކުރައްވަންޖެހޭނީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ބޭނުންވާ ޚަރަދުތައް އެކަނިކަމަށެވެ. ދައުލަތުގެ އެހެން މުއައްސަސާ ތަކުން ކުރަންޖެހޭ ފައިސާއާބެހޭ ކަންތައް އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެކަމެވެ. މިނޫންގޮތަކަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް ޚަރަދެއް ކުރައްވާނަމަ، އެޚަރަދު ކުރެވޭފަރާތަކުން އެފައިސާ އަނބުރާހޯދަން ޖެހޭނެއެވެ. ދައުލަތަށް ލިބިގަންނަން ޖެހޭނެއެވެ. އެފައިސާ ޚަރަދުކުރާ ފަރާތުން އެފައިސާ އަނބުރާ އަތުލައި ބައިތުލްމާލަށް ޖަމާކުރެވެން ޖެހޭނެއެވެ. އަދި ދަންނާށެވެ! އެއްގޮތަކަށްވެސް ނަގުދު ފައިސާ ބޭނުންކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑެތި ޚަރަދުތައް ހިންގިގެން ނުވާނެއެވެ. ނަގުދު ފައިސާއިން ބޮޑެތި ޚަރަދުތައް ކުރެއްވުމަކީ، ފައިސާގެއްލި ހިސާބުތައް ބެލެހެއްޓުން ވަރަށް އުނދަގު ކަމަކަށް ވާނެކަމެކެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް – 4

އޭ! ލޮބުވެތި ރައްޔިތުންނެވެ! ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ބަހަކީ ފަހުބަހެވެ. މިއީ މުޅިދުނިޔޭގައި އަމަލުކުރާ އެންމެރީތި އަދި އެންމެ މޮޅުގޮތެވެ. ބެސްޓްޕްރެކްޓިސެވެ. އެބަހުގެ މައްޗަށް ބަހެއްބުނެވޭނެ މީހަކުދެނެއް ނުހުންނާނެއެވެ. ރައީސް މައުމޫނަށް ވިޔަސް ވަރިހަމައެވެ. އަދި މިހާރުގެ ރައީސްނަޝީދު ވިޔަސް ވަރިހަމައެވެ. ފަހެ، ގަދަކަމުން އެއްވެސް ކަހަލަ އިންތިޚާބަކާނުލައި ދިވެހި ދައުލަތުގެ މައްޗަށް ވެރިވެގަނެގެން އުޅުނު ޑީއާރުޕީއަށް ވިޔަސް ވަރިހަމައެވެ. ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އައިޝަތު އާޒިމާޝަކޫރަށް ވިޔަސް ވަރިހަމައެވެ. އަދި ޕީޕަލްސް އެލަޔަންސްގެ ލީޑަރ އޮނަރަބްލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވިޔަސް ވަރިހަމައެވެ. ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލް އެއަދާ ކުރައްވަނީ، އޭނާގެ ވެރިފަރާތް ކަމުގައިވާ ދިވެހި ރައްޔިތުން އޭނާއާ ހާވާލުކުރި ވަރަށް ޒިންމާދާރު މާތްވެގެންވާ މަސައްކަތެކެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނަށް ތާއީދުކުރާ ބައިގަނޑަށް ކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ނުވެސް އޮންނާނެއެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓް ރިޕޯޓަށް ބަލާލުމެއް – 3

އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ކުރިން ދެންނެވި ގޮތްތަކުގެ އިތުރަށް ސީދާ، ރައީސްމައުމޫނު، ރައީސްއޮފީހުގެ ބަޖެޓުންވެސް ލޯނުދޫކުރައްވާފައި އެބަހުއްޓެވެ. އެންމެ ހިތާމަވެރި ކަމަކީ، މިފަދަލޯނުތައް ރައްޔިތުންގެ ފައިސާއިން، ނަގުދުފައިސާގެ ގޮތުގައި ބައްސަވާއި ދޫކުރެއްވިއިރު، އެއްވެސް ފައިދާއެއްނުލައި އެއްވެސްކަހަލަ އިންޓަރެސްޓެއްނެތި ދޫކުރައްވާފައި ވާތީއެވެ. ހިލޭ ބައްސަވާފައި ވާތީއެވެ. ރައްޔިތުންގެ ފައިސާއިން މުއާމަލާތެއް ކުރެވެންޖެހޭނީ ވިޔަފާރި އުސޫލުންނެވެ. ފައިދާއެއް ވާގޮތަށެވެ. އަދި މިފަދަ ވިޔަފާރިއެއް ކުރެވެންޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރިގޮތަށެވެ. އެނޫން ގޮތަކަށް ހަމައެކަކަށްވެސް ރައްޔިތުންގެ ފައިސާގައި އަތްލެވިގެން ނުވާނެއެވެ. 2003 ން 2006 ވަނައަހަރުގެ ނިޔަލަށް ރައީސް މައުމޫނުގެ އޮފީހަށް ދޫކުރައްވާފައިވާ ބަޖެޓުން އެއޮފީހުގެ ބައެއް މުވައްޒަފުންނަށާއި ރައީސް މައުމޫނުގެ ސަރުކާރުގައި ހިމެނުނުބައެއް އިސް މަވައްޒަފުންގެ ތެރެއިން ހަތްމީހަކަށް 2.1 މިލިޔަން ރުފިޔާގެ ނަގުދުފައިސާ ދޫކުރައްވާފައި އެބަހުއްޓެވެ. ފަހެ، މިހަތް ލޯނުގެ ތެރެއިން ހަލޯނަކީ، އެއްވެސް ފައިދާއެއް ނުނަގާގޮތަށް، އިންޓަރެސްޓް ފްރީކޮށް، ހަތަރުއަހަރާއި ހައަހަރާދެމެދުގެ މުއްދަތަކަށް ދޫކޮއްފައިހުރި ލޯނުތަކެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް- 2

އެފަދަބޮމަކަށް ވަނީނަމަ އެބޮންވަނީ އެމަނިކުފާނުގެ ކުރިމަތީގައި ގޮވާފައެވެ. ރިޔާސީ ގަނޑުވަރު ތީމުގެއާއި އާރަށްވަނީ، ސުމެއްގެ ދަރަޖައިގެ ހުސްބިމަކަށް ބަދަލުވެފައެވެ. މަނިކުފާނުގެ ހުވަފެނުންވެސް ގެއްލިފައެވެ. ފަހެ، މިރިޕޯޓު ނުކުތްދުވަހުން ފެށިގެން، އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމް މ.ރަންދޯދި، ގެ މަގާމުން ވަކިކުރުމައްޓަކައި ފިނޑި މަސައްކަތްތަކެއް ސިޔާސީދެޕާޓީ ކަމުގައިވާ ޑީއާރުޕީއާއިޕީއޭ ގުޅިގެން ވަނީކޮށްފައެވެ. އޮޑިޓަރ ޖެނެރަލްގެ މައްޗަށް މަގާމާއެކަށީގެން ނުވާގޮތަށް އަމަލު ކުރައްވާފައި ވާތީއޭބުނެ ތާކުންތާކު ނުޖެހޭ ދޮގު ތުހުމަތުތަކެއް ބޮލުގައިވަނީ އަޅުވާފައެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް އެދެޕާޓީން ހުށަހެޅީ އެދެޕާޓީއަށް ނިސްބަތްވާ 19 މެންބަރުން ސޮއިކޮށް، ގާނޫނުއަސާސީގެ 218 ވަނަމާއްދާގެ ދަށުންކަމަށް ހާމަކޮށް ބަޔާން ކުރަމުންނެވެ. ފަހެ، މިއީ ވަރަށް ހެއްވާކަމެކެވެ. މުޑުދާރު އަމަލެކެވެ.

ރައީސްއޮފީހުގެ 2007 ވަނައަހަރުގެ އަހަރީއޮޑިޓްރިޕޯޓަށް ބަލާލުމެއް- 1

ވެހިރާއްޖެއަށް ގެނެވެމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން މުސްތަގިއްލު ކުރެވުނު އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ، ވަރަށް ފުރިހަމަކޮށް މުސްތަގިއްލު ކުރެވިފައިވާ އޮފީހެއްކަން، އެއިދާރާއިން ސާބިތުކޮށް ދީފިއެވެ. ރައްޔިތުންނަށް އެކަންސާބިތު ކޮށްދިނީ، އެއޮފީހުގެ ނަންބަރު: އޭއާރު-5-2008 (2008 އޮކްޓޯބަރ 6) ރިޕޯޓުންނެވެ. އާދެ! މިރިޕޯޓަކީ، އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމުވަރަށް އިޚްލާސް ތެރިކަމާއެކު ރައްޔިތުންގެ މަޖިލީހުން އޭނައާ، ހަވާލުކުރެއްވި ވަޒީފާ ވަރަށް ޒިންމަދާރު ގޮތެއްގައި އަދާކުރައްވާކަމުގެ އަލިގަދަ ހެއްކެކެވެ. ރައްޔިތުން ހަވާލުކުރެއްވި ވާޖިބު އެންމެފުރިހަމަ ގޮތުގައި އަދާކުރައްވާ ކަމުގެސާފު ދަލީލެކެވެ. ފަހެ، މިރިޕޯޓަކީ، ރައްޔިތުންގެ ޝުކުރު ހައްގުވެގެންވާ ވަރަށްފުރިހަމަ ރިޕޯޓެކެވެ. ދެން ބާކީއޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އަދާކުރަންޖެހޭ ވާޖިބު އަދާ ކުރެއްވުމެވެ. ވީހާއަވަހަށް އެފިޔަވަޅުތައް ގާނޫނުތަކުގެދަށުން އެޅުއްވުމަށް ގޮވާލަމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް މުހަންމަދު ޝިހާބަށް ފަށްފަށުން އެކަން ހަދުމަކޮށް އަރުވަމެވެ. އަވަސް ހަރަކާތަށް ވަޑައިގަތުމަށް ދަންނަވަމެވެ. މިފަދަ ރިޕޯޓުތަކަށް ލަސްނުކުރައްވައި ފިޔަވަޅު އަޅުއްވަން ޖެހޭނެއެވެ. އޭ! ޝިހާބެވެ! މަޑުން ނުހުންނާށެވެ.

މިފަހަރަކީ އަހަރުމެންގެ ފަހަރު!

އްވެސް ޝައްކެތްނެތެވެ! އެއްވެސް ވަސްވާހެއް ނެތެވެ! “މިފަހަރަކީ، އަހަރުމެންގެ ފަހަރު” މި ޝިޢާރަކީ، ދިވެހިރިޔާސީ ގަނޑުވަރުން، ވަރަށް އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް އުފެއްދި، ފޮރުވިފައިވާ ބޮޑެތި ސިއްރުތަކެއް އެކުލެވިގެންވާ ވަރަށްރީތި ޝިޢާރެކެވެ. ރަމްޒެކެވެ. ސްލޯގަނެކެވެ. ނިދާއެކެވެ. ނަޢުރާއެކެވެ. ބައެއްގެ ގޮވާލުމެކެވެ. ޕާޓީއެއްގެ ގޮވާލުމެކެވެ. ފަހެ، ބޭރުފުށުން ދިވެހި ޖައްވަށް މިޝިޢާރު ގުގުމާލީ، ވަރަށް ފޯރިޔާއި ޖޯޝާއެކުގައެވެ. ރައްޔިތުންގެ ވިންދާއެކު ވެގެންނެވެ. އެއް އަޒުމެއްގައި ގައުމިއްޔަތު ދިރުވުމަށެވެ. އެއް ކުލައެއްގެ ދަށުން، ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ސާކު ސަރަހައްދުގެ ފުޓްބޯޅައިގެ ތަށި ކާމިޔާބު ކުރުމުގެ ވަރުގަދަ ހިތްވަރުގަ އެވެ. ފަހެ، އެކަންތައް ވަރަށް ފުރިހަމައަށް ހާސިލު ވެއްޖެއެވެ. ކާމިޔާބު ވެއްޖެއެވެ. ސަތޭކަ ޕަސަންޓަށްވުރެ މާމަތިން ކާމިޔާބު ކުރެވިއްޖެއެވެ. ދެން ބާކީއޮތީ، ރިޔާސީ ގަނޑުވަރުން މި ޝިޢާރު އުފައްދާއި އުފަންކުރުމުގެ ހަގީގީ މަގްސަދު، ވެރިކަމުގެ ފަރާތުން ކާމިޔާބު ކުރުމުގެ ބަޔެވެ. މިފަހަރަކީ، ރައީސް މައުމޫނުގެ ފަހަރު ކަމުގައި އަނެއްކާވެސް ގަދަބާރުން ހަދާލުމެވެ.

ޔާމީނުގެ އެނބުރިއައުން.

އޮނަރަބްލް ޔާމީންއަބްދުލް ގައްޔޫމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލްއެވީއޭޝަން، އާދެ! ފަތުރުވެރިކަމުގެ މިނިސްޓްރީ، (ރާއްޖޭގެ އިގްތިސާދުގެ މައިނާރު) އެއްޕާޓީއަށް ވުރެގިނަޕާޓީ އެކުލެވިގެން ބާއްވާއިންތިޚާބު، 2008 އޮކްޓޯބަރ 8 (ބުދަ) ދުވަހު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ތައްޔާރު ވެފައިވަނިކޮށް، މިފަދަނާޒުކު ދަނޑިވަޅެއްގައި ހަވާލުކުރެއްވުމުގެ ފަހަތުގައި ބޮޑެތި ސިއްރުތަކެއް ފޮރުވިފައި ވާނެކަން ޔަގީނެވެ. މިއީވަރަށްގިނަ ސައްލާތަކަކަށްފަހު، ބޮޑުރޭވުމެއްގެދަށުން އެޅުނުސިޔާސީ ފިޔަވަޅެކެވެ. ޔާމީނު ސިޔާސީޕާޓީއެއް ހައްދަވައިގެން ސިޔާސީ މައިދާނަށް ނުކުންނެވީ، ރައްޔިތުންގެ ބޮޑުތާއީދެއް މިލްކުކޮށް، ހޯދައި ގަނެވޭނެ ކަމަށެވެ. ސަރުކާރުން އިސްތިއުފާ ދެއްވައި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ފާޑުވިދާޅުވަން ފެއްޓެވީ، މިމަގްސަދުގައެވެ. އޮނަރަބްލް ގާސިމް އިބްރާހީމަށްވުރެ ކުރިން ރައީސް މައުމޫނު، މިޗާންސް ޔާމީނަށް ދެއްވީ އެމަގްސަދުގައެވެ. ހަމައެބޭނުމުގައެވެ. އެހެނަސް ގާސިމު، ޚާއްސަމަޖިލީހުގައި ކުޅެމުންގެންދިޔަ ރޯލުތަކުގެ ސަބަބުން، ޔާމީނަށްވުރެ ކުރިހޯދީއެވެ.

އިދިކޮޅުލީޑަރުން އެމްޑީޕީއިއްތިދާ ގުޅުން މުހިންމުވެ މަޖްބޫރުވެއްޖެ.

އެއްވެސް ޝައްކެތްނެތެވެ! ރިޔާސީ އިންތިޚާބު 2008 ގެފުރަތަމަ ބުރުން، ޑީއާރުޕީ ބަލިވެއްޖެއެވެ. އެއީ އަޅުގަނޑުމެން ހީކުރިގޮތެވެ. ޑޮކްޓަރ ވަހީދު އެމްޑީޕީއާ އެއްކޮޅަށް ޖެހިވަޑައި ގަތުމުން އެމްޑިޕީ ދެވަނައަށް ގޮސް، ޑީއާރުޕީއާ ވާދަކުރުމަށް ދެވަނަބުރަކަށް ދާނެކަންވަނީ، ޔަގީނާގާތަށް ކަށަވަރު ވެފައެވެ. ފަހެ، މިނަތީޖާއަށް ބަލާއިރު އެހެންފަހަރުގެ ރިޔާސީ އިންތިޚަބު ތަކުގައިވެސް ފަންސާސް ޕަސަންޓަށްވުރެ ދައްވާނެކަން ހާމަވެއްޖެއެވެ. މިފަހަރު މިބޭއްވުނު އިންތިޚާބާގުޅިގެން، އެހެންވީއޭ މިހެންވީއޭކިޔުން، މުޅިން ހުއްޓާލާށެވެ. މާޒީތެރެއަށް ފާއިތުވެ ހިނގައްޖެ ކަމެއްގެ ގޮތުގައި ރޮންގެއް ދާމާލައްވާށެވެ. އެވާހަކަތައް މުޅިން ހަދާންނައްތާލާށެވެ. ރޮނގެއްދަމާލެއް ވުމަށްފަހު، އަލުން ފަށަންވީއެވެ. އަވަހަށް ފަށައިގަންނަން ވީއެވެ. އެނޫންގޮތެއް ކުރިމައްޗަކު ފެންނާކަށްނެތެވެ. ދިވެހިރާއްޖޭގެ، ކުރިމަގަށް އާވިސްނުމަކާއެކު ފަށަންވީއެވެ.

އާއަސާސީ އަށްޑަނައަކަށް ބޭނުންކުރުން.

އިންތިހާއަށް ފަސާދަވެފައިވާ ދިވެހި ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަމާޒުތައް ދިފާއުކުރާ އަށްޑަނައަކީ، އިސްލާހު ކޮށް އަލަށް އެކުލަވާލެވުނު ގާނޫނު އަސާސީއެވެ. ހުރިހާ ދިމާއަކުން އަންނަމުންދާ ހަމަލާތަކުން ދިފާއުވުމަށާއި ބާރުގަދަ ކުރުމަށް ސަރުކާރުން ބޭނުންހިފަނީ، އާއަސާސީއެވެ. ހަމަ އެފަދައިން ފަސާދަވެފައިވާ ސަރުކާރު ބަލިކޮށްލައި ވަށްޓާލުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނަށް، އެކި ދިމާތަކުން އަންނަ ހަމަލާތަކުން ދިފާއުވެ، ސަލާމަތްވުމަށް ވެސް ބޭނުންކުރަނީ، ހަމަ އާއަސާސީއެވެ. ފަހެ، ދެފަރާތުންވެސް އަށްޑަނައަކަށް ހަދާފައިވަނީ، އާއަސާސީއެވެ. އިދިކޮޅު ފަރާތް ތަކުން ދެކެނީ، ރައީސް މައުމޫނު ބަލިކޮށްލުމަށް ފަހު، ސަރުކާރު ވަށްޓާލެވޭނީ އާއަސާސީގެ ދަށުން ކަމުގައެވެ. ރައީސް މައުމޫނު ވެސް ހަށިފޮޅާ ލައްވައި ހިންދެމިލައްވަން ބޭނުންވަނީ، އާއަސާސީގެ ދަށުން އޭނާގެ ފަސާދަވެފައިވާ ދުވަސްވީ ސަރުކާރު ހިމާޔަތް ކޮށް، ދަމަހައްޓައި ދިނުމުގެ ބޭނުމުގައެވެ.