ނޯޓް: މިމަޒްނޫނަކީ، “މިނިވަން” ނޫހުގައި ޖަހައި ނުދީފައިވާ މަޒްނޫނެކެވެ. ޒާތީވެފައިވާތީ، ޖަހައިދެވެން ނެތްކަމަށް މިނިވަން ނޫހުގެ އެޑިޓަރު ވިދާޅުވެއެވެ. ފަހެ، އެހެން ވިދާޅުވާއިރު މިމަޒްމޫނަކީ، އެނޫހުގައި އަޅުގަނޑުގެ ޒާތާބެހި ލިޔެފައިވާ ލިޔުމަކަށް ދެވުނު ރައްދެއްކަން ހަދުމަފުޅު ނެތުނީމާ ހިތާމަކުރަމެވެ. މިއީ މިނިވަން ނޫހުގައި ޖަހައިނުދިން އަޅުގަނޑުގެ ދެވަނަ މަޒްމޫނެވެ. ފުރަތަމަ މަޒްމޫނަކީ، އަޅުގަނޑު ލިޔުނު، “އިއްތިހާދު ހަރުދަނާކުރުން” މިމަޒްމޫނެވެ. އިއްތިހާދު ރޫޅިދިޔައީ އެމަޒްމޫނުގައި އަޅުގަނޑު ފާހަގަކޮށް ފައިވާ ޚިޔާލާއެއް ގޮތަށެވެ.
އިންތިގާލީ ބާބުގެ ބަހުސަކީ، ބޮޑުމަޖިލީހުގައި ހިނގާ، އެންމެ މުހިންމު ބަހުސެވެ. ދިވެހި ޖުމްހޫރިއްޔާގެ، އަލަށް އެކުލަވާލެވޭ އަސާސީގައި ރައީސުލް ޖުމްހޫރިއްޔާގެ ބާބަކީ، ގާނޫނުއަސާސީގެ ހުންގާނެވެ. ރައްޔިތުންގެ މަޖިލިސްގެ ބާބަކީ، ސިކުނޑިއެވެ. މިގޮތުން އެކި ބާބަށް ތަޅުމުގައި އަޅުގަނޑު ދީފައި ވާނީ، އެކިނަން ނަމެވެ. މިހާރު ތަޅުމުގައި އޮތް އިންތިގާލީބާބަށް، ތަޅުމުގައި އަޅުގަނޑުދިން ނަމަކީ، ގާނޫނު އަސާސީގެ ފާލަމެވެ. ފަހެ، މިފާލަން ބިނާކުރުމުގެ ބަހުސަކީ، ވަރަށް ހޫނުގަދަ ބަހުސެކެވެ. ސީދާކޮށް، ދިވެހި ރައްޔިތުންގެ ވިންދާއި ލެއާ ގުޅިފައިވާ ކަމެކެވެ. އަދި، ރައީސް މައުމޫނުގެ ވެރިކަން ނިމުމާ، ގުޅިފައިވާ ކަމެކެވެ. އަދި އަސާސީ އުވާލާ، އާއަސާސީއެއްގެ ފެށުމާއި އާވެރިކަމުގެ ދައުރު އަލުން ގުނަންފެށުމާ ވެސް، ގުޅިފައިވާ ކަމެކެވެ. އަދި، އެއްވެސް ކަހަލަ އިންތިޚާބަކާ ނުލާ ޕާޓީއެއްގެ ނަމުގައި ވެރިކަމަށް އަރާތިބި ބަޔަކަށް އަސަރުން ފުރިގެންވާ ހިތްދަތި ކަމެކެވެ.
އާދެ! ރައްޔިތުންގެ ޚާއްޞަ މަޖިލިސް ކަމުގައިވާ، ދިވެހިދައުލަތުގެ ބޮޑުމަޖިލީހުގެ 11 ޖޫން 2007މ. ވީހޯމަދުވަހު އޮތް، 151 ވަނަ ޖަލްސާއަކީ، ބޮޑުމަޖިލިސް އަނެއްކާވެސް ސިޔާސީއަރަތެއްގެ ތެރެއަށް ގަންބާލި، ރާއްޖޭގެ ކުރިމަގަށް ބޮޑު އަނދިރިކަމެއް ގެނެސްދިން ނާމާން ކަމުގެ ޖަލްސާއެކެވެ. ތަޅުމުގެ އޮއިވަރުން ހިއްލާލި ބޮޑުރާޅު، ގަދަ އުދަޔާއެކު ބިންދާލަނީ ކުރިޔަށް ފަހަތަށް ބަލާލުމެއް، ވިސްނާލުމެއް ނެތި، ހިޔަންޏެއް ފަދަ ވަގުތީ އައްސޭރި އަކަށެވެ. އަނދިރި ކަމެއްގެ ތެރޭގައި އޮތް ނުފެންނާނެ އައްސޭރި އަކަށެވެ. ފަހެ، ދިގުޒަމާން ތަކެއްވަންދެން ކުރެވެމުންދިޔަ ހޫނު ބަހުސްތަކުގެ އަމާޒުގެއްލި ގެންދިޔައީ، ވަގުތީ ޚިޔާލީފޮލާ އެއްގެ ޖަޒްބާތީ ހުވަފެނަކަށް ބަދަލު ވެގެންނެވެ. ވެރިކަމުގެ ފަރާތުން ބޭނުންވާނީ، ވެރިކަމުގެ ބާރުގައި ތިބުމަށް އެންމެދުވަހެއް ވިޔަސް، ހެދުނު އެއްޗެއް ހަދައިގެން، އިތުރުކޮށްލާ ށެވެ.
8 ޖުލައި 2007މ، (އާދީއްތަ) ދުވަހުއޮތް ރައްޔިތުންގެ ބޮޑުމަޖިލީހުގެ 161 ވަނަ، ޖަލްސާ މުތްލަޤުޙުކުމެއްގެ ދަށުން، ރައީސްޤާސިމް އިބްރާހީމް ހުއްޓަވާލައްވައި ދުވަސްކޮޅަކަށް އެމަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައްވައި ފިއެވެ. މުޠްލަޤުޙުކުމަކީ، އެހެންމީހުންގެ ޙައްޤުތަކަށް އަޅާލުމެއް، ބަލާލުމެއްނެތި ޚުދުއަމިއްލަ ޝަޚްޞީބާރުން، އެހެންބައެއްގެ މައްޗަށް ހިންގާ އިސްތިބްދާދީ އަމުރެވެ. ފަހެ، ބޮޑުމަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ބާރުލިބިހުރެ، އަޅުގަނޑު ދަންނަވާނީ، ފުރުޞަތަކަށް އެދުމުން އަނގައިންބުނުމުގެ ޙައްޤުނުދެއްވައި ޖަލްސާނިންމާލެއްވީ، ވަރަށް އޮޓޯކުރޭޓިކް ގޮތަކަށެވެ. ރައީސްޤާސިމުގެ މިޢަމަލުން، އަޅުގަނޑުގެ ހިތަށް ސިފަވެގެން ދިޔައީ، އެހެންމީހުންގެ ޙައްޤުތަކަށް ބަލާލުމެއްނެތި، މުޠްލަޤުއަމުރުތައް ނެރުނު ހެޓިލަރުމެންފަދަ ޖައްބާރު، ރައީސުންނަށެވެ.
“މިމަޒްމޫނަކީ، 15 ޑިސެމްބަރ 2007މ. ދުވަހުލިޔެ “މިނިވަން” ނޫހުގައި ޖަހައިދިނުމަށް އެދި ފޮނުވުނު މަޒްމޫނެކެވެ. އެހެނަސް އަނެއްދުވަހުގެ ނޫހުގައި ޖަހައިދޭނެ ކަމަށް އީމެއިލަކުން ޖަވާބުދިނުމަށް ފަހު، ޖަހައެއްނުދިނެވެ. ދެން މިމަޒްމޫނު ފޮނުވީ، “ޖަޒީރާ” ނޫހަށެވެ. އެނޫހުންވެސް ޖަހައިނުދީގެން ގުޅީމައި ބުނީ، މަޒްމޫނުގައި ބައެއް ޢިބާރާތްތައް ހުރިގޮތުން، ޖަހައިދެވެން ނެތްކަމަށެވެ. ޚާއްސަކޮށް ނެގީ، އާލަފުޒު ތަކެއްގެ ވާހަކައެވެ. ވިދާޅުވީ، ސެންސަރާއި އެޑިޓް ކުރުމާއެކު، ޖަހައިދިނުމަށް ވިސްނިދާނެ ކަމަށެވެ. އެކާވީސް ވަނަ ޤަރުނުގައި ނޫސްވެރިކަން ޒަމާއެއްފަރަކަށް ހުޅުވިފައި ވަނިކޮށް މިފަދަ މަޒްމޫނެއް ޖަހައި ނުދިނުމަކީ، މިދެނޫހުގެ ނޫސްވެރިކަން ވަކި މަޤްޞަދެއްގެ ތެރޭގައި ހިފޭއްޓިފައި ހުރިކަން ހާމަކޮށްދޭ ސާބިތު ހެއްކެކެވެ. މިނިވަންނޫހޭ ކިޔަސް އެއީ ވަކިސިޔާސީ މަޤްޞަދެއްގައި ނެރެވޭ ނޫހެއްކަން ސާބިތުވީއެވެ.
“ކުރިންނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ”. މިއީ ދިވެހިން ބުނެ އުޅޭ ހަރުބަހެކެވެ. ދުލަށް ފަސޭހަ ކުރުޖުމްލައެކެވެ. އެހެނަސް މާނަފުންވެފައި ބުރަދަން ބޮޑެވެ. ހިކުމަތް އެކުލެވިފައި ވެއެވެ. ރައްކާތެރި ވުމަށް، އަޅާފިޔަވަޅު ތިމާގެ ހަލާކަށްވެފައި ވެސް އެބަހުއްޓެވެ. ނިޔަތާއި މަގްސަދު ގޯސްވެއްޖެނަމަ، ކުރި މަރުވީއެވެ. ބަލިޖެހި ގުރުނޑުވީއެވެ. ދެން ކިތަންމެ މަސައްކަތެއް ކުރިޔަސް، ފެނާއި އޭތިމީތި އެޅިޔަސް އެގުރުނޑުވުމެއް ފަހަކުން ރަނގަޅެއް ނުކުރެވޭނެއެވެ. އަދި ކުރިންހުރި ދިރުމާއި ވިންދު، ފަހަކުން ނުވެސް ދިރުވޭނެއެވެ. ކުރާކޮންމެ ކަމެއް ދެންދާނީ ގޯހުންގޯހަށެވެ.
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިސްލާހުކުރުމަށް، އެކުލަވާލެއްވި ބޮޑުމަޖިލީހުގެ މިހާރުގެ ރައީސް ކަމުގައިވާ، ރައީސް ޤާސިމަށް މިލްކު ވެގެންވާ ހައިސިއްޔަތުތައް ވަރަށްގިނައެވެ. ޑީއާރުޕީގެ ނާއިބުޒަޢީމުގެ ހައިސިއްޔަތާއި މާލީވަޒީރުގެ ހައިސިއްޔަތެއް އޮވެއެވެ. އަދިވެސް އިތުރު ހައިސިއްޔަތުތައް ހުރެއެވެ. މިއިން ކޮންމެ ހައިސިއްޔަތަކީ، ވަކިމޫނެކެވެ. އަދި މިހައިސިއްޔަތު ތަކާއެކު، ވަރަށްރީތި ދެމޫނެއް ގެންގުޅުއްވައެވެ. މިމަޒުމޫނު ލިޔުމުގެ އެންމެބޮޑު ބޭނުމަކީ، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ އިސްވެރިން ސަމާލުކަމަށް ގެނެސް ހުޝިޔާރު ކުރުވުމެވެ. އަދި އެބޭފުޅުންގެ ސަމާލުކަމަށް މިނުކުތާތައް ގެނެސްދިނުމެވެ. އާދެ! ބޮޑުމަޖިލީހުގެ ތަޅުމުގައި ތިޔަބޭފުޅުން، ކުރައްވަމުން ތިޔަގެންދަވާ ހިތްވަރުގަދަ މަސައްކަތްޕުޅަށް ސާބަހާއި އައްސަރިބަހައި މަރުހަބާ، އަރިސް ކުރަމުން، އިހްތިރާމާއެކު ދަންނަވާލަމެވެ.
މުސްކުޅިންބުނާތީ އަޑުއަހަމެވެ. “ދުނިޔެހިނގަމުންދަނީ، ތޮށަލި ދުޅައަށެވެ.” އަޅުގަނޑަށް ވިސްނިފައިއޮންނަނީ، އެބުނާބަހުގެ މާނައަކީ، ކޮންމެމީހަކަށްވެސް އުސްގަނޑަކާއި އަޑިގަނޑެއްގެ މަތިން ހިނގަންޖެހޭނެ ވާހަކައެވެ. ބޭރުޤައުމުތަކުގައި ސިޔާސީލީޑަރުން ގަޔަށް ކުކުޅުބިހާއި ފެޅޭވަރުގެ ޓޮމާޓޯފަދަ ކާބޯތަކެތި އުކުމަކީ، އާވާހަކައެއްނޫނެވެ. އެހެނަސް ދިވެހިރާއްޖޭގައި ކުކުޅުބިހުން، ސިޔާސީލީޑަރުންގެ ހަށިކޮޅަށް ޙަމަލާއެއް ދެވިއްޖެކަމުގެ ޚަބަރު ލިބުމަކީ، މުޅިންއާކަމެއް ކަމުގައި އަޅުގަނޑުދެކެމެވެ. ދާދިފަހުން ރައްޔިތުންގެ މަޖިލިސްކުރާގޭގެ ގޯތިތެރޭގައި ހުންނަކުޑަތަކުގެ ތެރެއިން، ކުޑައެއްގެދަށުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެލީޑަރު، އެގުރޫޕުގެ ބައެއްބޭފުޅުންނާއެކުގައި އިންނަވަނިކޮށް، މަޖިލިސްކުރާގޭގެ ދެކުނުފަރާތުގެ ފެންސުމަތިން ކުކުޅުބިހެއް އެއްލައިފިއެވެ. މިއީ ދިވެހިތާރީޚުގައި މަޖިލިސްކުރާގެއަށް ކުކުޅުބިހަކުން ދެވުނު ފުރަތަމަ ޙަމަލާއެވެ.
ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ރައީސުލް ޖުމްހޫރިއްޔާ އަރިހަށް ތަސްދީގު ކޮށްދެއްވުން އެދި ފޮނުވިފައިވާ އާއަސާސީއަކީ، އަކުރުން އަކުރަށް ބާތިލު އެއްޗެކެވެ. ސާފުސީދާ އިބާރާތުން މިގޮތަށް ދަންނަވަން ޖެހުނީ، ބޮޑުމަޖިލީހުގެ އެންމެފަހު ޖަލްސާ ކަމުގައި ބެލެވިފައިވާ، 272 ވަނަ ޖަލްސާގަޔާއި އެޖަލްސާގެ ކުރިން ހިނގާދިޔަ ބައެއް ކަންތަކުގައި ރިޔާސަތުން އަމަލުކުޅަ ގޮތުންނެވެ. ފަހެ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކެއް ހުރިކަމަށް ފެންނަކަމުގައި ބަޔާންކޮށް، ގާނޫނު އަސާސީގެ 94 ވަނަ މާއްދާގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެދަށުން، ގާނޫނު އަސާސީގެ 92 ވަނަ މާއްދާގައި ބުނެވިގެންވާ ގޮތަށް، ރައީސުލް ޖުމްހޫރިއްޔާ އެއްކުރެއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މަސައްކަތް، 2004 ޖުލައި 19 ވީ ހޯމަ ދުވަހު އާއުންމީދު ތަކަކާއެކު ފެށުނެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި ފެށިގެން ކުރިޔަށް މިދާ އިސްލާހީ ހަރަކާތްފެށުނީ، އެމަނިކުފާނު ވެރިކަމުގެ ހުވާކުރެއްވިތާ ދެއަހަރާ، ބައިގައެވެ. އާދެ! 1980 ގެ ފުރަތަމަ ކޮޅުގައެވެ. އަޅުގަނޑު ގަސްދުކުރަނީ، އިސްލާހީ ހަރަކާތް ތިންބަޔަށް ބަހާލައިގެން ކުރިޔަށް ގެންދާށެވެ. ފުރަތަމަ ބައި 1980 އިން 1990 އަށެވެ. ދެވަނަބައި 1990 އިން 2000 އަށެވެ. ތިންވަނަބައި 2000 އިން ފެށިގެންނެވެ. މިމަޒުމޫނަކީ، ރައީސް މައުމޫނުގެ ވެރިކަމުގައި ފެށުނު އިސްލާހީ ހަރަކާތް ފެށުމުގެ މަރުހަލާއާއި މެދުމަރުހަލާއާއި މަތީމަރުހަލާ، ފެށުނު، ހިސާބަށް ކަންތައް ހިނގާދިޔަގޮތް ދިވެހިތާރީޚަށް ތެދުވެރިވުމަށް ޓަކައި ލިޔާލިޔުމެކެވެ. ގިނަ ޒުވާނުންނަށް އޮޅިފައި އޮންނަނީ، ފުރަތަމަ މަރުހަލާ ހިނގާދިޔަގޮތެވެ. އެދުވަސްވަރުގެ ވާހަކަތައް ލިޔެވިފައި ހުރިލެއް މަދުކަމުންވާ ގޮތެވެ. ފަހެ، މިމަސައްކަތަކީ، ޚާއްސަކޮށް ކިޔަވާކުދިންނަށް ފައިދާއަށްޓަކައި ހެޔޮނިޔަތުގައި ކުރާ މަސައްކަތެކެވެ.
ދިވެހިރާއްޖެއަށް މިގެނެވުނު ހިމޭން އިންގިލާބަށް މަރުހަބާއެވެ! ﷲ އަށް ހަމްދާއި ޝުކުރުހުއްޓެވެ! ފަހެ ދަންނާށެވެ! އެއްވެސް ޝައްކެއްނެތެވެ! ދިވެހިރާއްޖޭގެ ދިގުތާރީޚުގައި އެއްޕާޓީއަށްވުރެ ގިނަސިޔާސީ ޕާޓީތަކެއް ބައިވެރިވެ ގިނަކެނޑިޑޭޓުން ތަކެއް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމާ ވާދަކުރެއްވި އެންމެމިނިވަން އިންތިޚާބު ނިމިގެން ދިޔައީ، ދުވަހަކުވެސް ދިވެހިތާރީޚުގައި ހަނދާންނުނެތޭނެ އިންތިޚާބެއްގެ ގޮތުގައި ދުނިޔޭގެ ތާރީޚުގައި ލިޔެވިގެންނެވެ. ހަމަގައިމުވެސް ދިވެހި މުއައްރިޚުން ރާއްޖޭގެ މިތާރީޚީ އިންގިލާބު ސިފަކުރާނީ، ރާއްޖެއަށް ވޯޓުފޮށިތައް މެދުވެރިކޮށް ގެނެވުނު ވަރަށްތާރީޚީ “ހިމޭން އިންގިލާބެއް” ގެ ގޮތުގައެވެ. ދުނިޔޭގެ ފެންވަރުގައި އެކިގައުމުތަކުގައި ލޭއޮހެރުމެއްނެތި މިފަދަ އިންގިލާބުތައް ވަނީ، މާޒީގައި ވަރަށް ކާމިޔާބުކަމާއެކު ގެނެސްފައެވެ. އެކިކުލައިގެ އެކިމީރުވަސްދުވާ މާމެލާމެލީގެ ރީތިނަންނަމުގައި ވަނީ، ކަމިޔާބު އިންގިލާބުތައް ގެނެސްފައެވެ. ހަމަގައިމުވެސް ދިވެހި ރާއްޖޭގައި މިގެނެވުނު ކާމިޔާބު އިންގިލާބު މުގެނެވުނީ، “ބަދަލު” ގެ ނަމުގައެވެ. ބަދަލެއްގެ ރޫހުގައެވެ.ނުތާހިރު ޚުދުމުޚުތާރު ސަރުކާރަކުން ތާހިރު ޑިމޮކްރަސީއަކަށް ފުރޮޅާލުމުގެ ނަމުގައެވެ. ބުއްދިވެރިކަމާއި ހަމަހިމޭން ކަންމަތީގައި އެއްސަރުކާރުން އަނެއްސަރުކާރަށް ބަދަލުކޮށް ލުމުގެ ބޭނުމުގައެވެ. ފަހެ، އެކިގޮތްގޮތަށް އެކިސިފަ ސިފައިގާ ބޭނުމްކުރެވުނީ، ބަދަލަށް ގޮވާލެވޭ ބަސްތަކެވެ. “އަނެއްދިވެހި ރާއްޖެ” އަދި “ވަތަންއެދޭގޮތަށް” މިފަދަ ދިވެހިންގެ ވިންދާކުޅެލާ ޝިއާރުތަކެވެ.