އޭ! ދިވެހި ރައްޔިތުންނޭވެ! ދަންނާށެވެ! އެކައުންޓިން އާއި އެކައުންޓަބިލިޓީ، އަދި ބަޖެޓްއުސޫލުތައް ތަންދެނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ބަޖެޓުން ހަމައެކަނި ކުރައްވަންޖެހޭނީ، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ބޭނުންވާ ޚަރަދުތައް އެކަނިކަމަށެވެ. ދައުލަތުގެ އެހެން މުއައްސަސާ ތަކުން ކުރަންޖެހޭ ފައިސާއާބެހޭ ކަންތައް އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެކަމެވެ. މިނޫންގޮތަކަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން އެއްވެސް ޚަރަދެއް ކުރައްވާނަމަ، އެޚަރަދު ކުރެވޭފަރާތަކުން އެފައިސާ އަނބުރާހޯދަން ޖެހޭނެއެވެ. ދައުލަތަށް ލިބިގަންނަން ޖެހޭނެއެވެ. އެފައިސާ ޚަރަދުކުރާ ފަރާތުން އެފައިސާ އަނބުރާ އަތުލައި ބައިތުލްމާލަށް ޖަމާކުރެވެން ޖެހޭނެއެވެ. އަދި ދަންނާށެވެ! އެއްގޮތަކަށްވެސް ނަގުދު ފައިސާ ބޭނުންކޮށްގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ބޮޑެތި ޚަރަދުތައް ހިންގިގެން ނުވާނެއެވެ. ނަގުދު ފައިސާއިން ބޮޑެތި ޚަރަދުތައް ކުރެއްވުމަކީ، ފައިސާގެއްލި ހިސާބުތައް ބެލެހެއްޓުން ވަރަށް އުނދަގު ކަމަކަށް ވާނެކަމެކެވެ.
އޭ! ލޮބުވެތި ރައްޔިތުންނެވެ! ދަންނާށެވެ! އޮޑިޓަރ ޖެނެރަލްގެ ބަހަކީ ފަހުބަހެވެ. މިއީ މުޅިދުނިޔޭގައި އަމަލުކުރާ އެންމެރީތި އަދި އެންމެ މޮޅުގޮތެވެ. ބެސްޓްޕްރެކްޓިސެވެ. އެބަހުގެ މައްޗަށް ބަހެއްބުނެވޭނެ މީހަކުދެނެއް ނުހުންނާނެއެވެ. ރައީސް މައުމޫނަށް ވިޔަސް ވަރިހަމައެވެ. އަދި މިހާރުގެ ރައީސްނަޝީދު ވިޔަސް ވަރިހަމައެވެ. ފަހެ، ގަދަކަމުން އެއްވެސް ކަހަލަ އިންތިޚާބަކާނުލައި ދިވެހި ދައުލަތުގެ މައްޗަށް ވެރިވެގަނެގެން އުޅުނު ޑީއާރުޕީއަށް ވިޔަސް ވަރިހަމައެވެ. ދައުލަތުގެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ އައިޝަތު އާޒިމާޝަކޫރަށް ވިޔަސް ވަރިހަމައެވެ. އަދި ޕީޕަލްސް އެލަޔަންސްގެ ލީޑަރ އޮނަރަބްލް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވިޔަސް ވަރިހަމައެވެ. ފަހެ، ދަންނާށެވެ! އޮޑިޓަރ ޖެނެރަލް އެއަދާ ކުރައްވަނީ، އޭނާގެ ވެރިފަރާތް ކަމުގައިވާ ދިވެހި ރައްޔިތުން އޭނާއާ ހާވާލުކުރި ވަރަށް ޒިންމާދާރު މާތްވެގެންވާ މަސައްކަތެކެވެ. އެކަމާ ގުޅިގެން ރައީސް މައުމޫނަށް ތާއީދުކުރާ ބައިގަނޑަށް ކުރެވޭނެ އެއްވެސް ކަމެއް އޮވެގެން ނުވާނެއެވެ. ނުވެސް އޮންނާނެއެވެ.
އޭ! މަގޭލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ކުރިން ދެންނެވި ގޮތްތަކުގެ އިތުރަށް ސީދާ، ރައީސްމައުމޫނު، ރައީސްއޮފީހުގެ ބަޖެޓުންވެސް ލޯނުދޫކުރައްވާފައި އެބަހުއްޓެވެ. އެންމެ ހިތާމަވެރި ކަމަކީ، މިފަދަލޯނުތައް ރައްޔިތުންގެ ފައިސާއިން، ނަގުދުފައިސާގެ ގޮތުގައި ބައްސަވާއި ދޫކުރެއްވިއިރު، އެއްވެސް ފައިދާއެއްނުލައި އެއްވެސްކަހަލަ އިންޓަރެސްޓެއްނެތި ދޫކުރައްވާފައި ވާތީއެވެ. ހިލޭ ބައްސަވާފައި ވާތީއެވެ. ރައްޔިތުންގެ ފައިސާއިން މުއާމަލާތެއް ކުރެވެންޖެހޭނީ ވިޔަފާރި އުސޫލުންނެވެ. ފައިދާއެއް ވާގޮތަށެވެ. އަދި މިފަދަ ވިޔަފާރިއެއް ކުރެވެންޖެހޭނީ ރައްޔިތުންނަށް ފައިދާ ހުރިގޮތަށެވެ. އެނޫން ގޮތަކަށް ހަމައެކަކަށްވެސް ރައްޔިތުންގެ ފައިސާގައި އަތްލެވިގެން ނުވާނެއެވެ. 2003 ން 2006 ވަނައަހަރުގެ ނިޔަލަށް ރައީސް މައުމޫނުގެ އޮފީހަށް ދޫކުރައްވާފައިވާ ބަޖެޓުން އެއޮފީހުގެ ބައެއް މުވައްޒަފުންނަށާއި ރައީސް މައުމޫނުގެ ސަރުކާރުގައި ހިމެނުނުބައެއް އިސް މަވައްޒަފުންގެ ތެރެއިން ހަތްމީހަކަށް 2.1 މިލިޔަން ރުފިޔާގެ ނަގުދުފައިސާ ދޫކުރައްވާފައި އެބަހުއްޓެވެ. ފަހެ، މިހަތް ލޯނުގެ ތެރެއިން ހަލޯނަކީ، އެއްވެސް ފައިދާއެއް ނުނަގާގޮތަށް، އިންޓަރެސްޓް ފްރީކޮށް، ހަތަރުއަހަރާއި ހައަހަރާދެމެދުގެ މުއްދަތަކަށް ދޫކޮއްފައިހުރި ލޯނުތަކެވެ.
އެފަދަބޮމަކަށް ވަނީނަމަ އެބޮންވަނީ އެމަނިކުފާނުގެ ކުރިމަތީގައި ގޮވާފައެވެ. ރިޔާސީ ގަނޑުވަރު ތީމުގެއާއި އާރަށްވަނީ، ސުމެއްގެ ދަރަޖައިގެ ހުސްބިމަކަށް ބަދަލުވެފައެވެ. މަނިކުފާނުގެ ހުވަފެނުންވެސް ގެއްލިފައެވެ. ފަހެ، މިރިޕޯޓު ނުކުތްދުވަހުން ފެށިގެން، އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމް މ.ރަންދޯދި، ގެ މަގާމުން ވަކިކުރުމައްޓަކައި ފިނޑި މަސައްކަތްތަކެއް ސިޔާސީދެޕާޓީ ކަމުގައިވާ ޑީއާރުޕީއާއިޕީއޭ ގުޅިގެން ވަނީކޮށްފައެވެ. އޮޑިޓަރ ޖެނެރަލްގެ މައްޗަށް މަގާމާއެކަށީގެން ނުވާގޮތަށް އަމަލު ކުރައްވާފައި ވާތީއޭބުނެ ތާކުންތާކު ނުޖެހޭ ދޮގު ތުހުމަތުތަކެއް ބޮލުގައިވަނީ އަޅުވާފައެވެ. މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް އެދެޕާޓީން ހުށަހެޅީ އެދެޕާޓީއަށް ނިސްބަތްވާ 19 މެންބަރުން ސޮއިކޮށް، ގާނޫނުއަސާސީގެ 218 ވަނަމާއްދާގެ ދަށުންކަމަށް ހާމަކޮށް ބަޔާން ކުރަމުންނެވެ. ފަހެ، މިއީ ވަރަށް ހެއްވާކަމެކެވެ. މުޑުދާރު އަމަލެކެވެ.
ވެހިރާއްޖެއަށް ގެނެވެމުންދާ އިސްލާހީ ބަދަލުތަކުގެ ތެރެއިން މުސްތަގިއްލު ކުރެވުނު އޮޑިޓަރ ޖެނެރަލްގެ އޮފީހަކީ، ވަރަށް ފުރިހަމަކޮށް މުސްތަގިއްލު ކުރެވިފައިވާ އޮފީހެއްކަން، އެއިދާރާއިން ސާބިތުކޮށް ދީފިއެވެ. ރައްޔިތުންނަށް އެކަންސާބިތު ކޮށްދިނީ، އެއޮފީހުގެ ނަންބަރު: އޭއާރު-5-2008 (2008 އޮކްޓޯބަރ 6) ރިޕޯޓުންނެވެ. އާދެ! މިރިޕޯޓަކީ، އޮޑިޓަރ ޖެނެރަލް އޮނަރަބްލް އިބްރާހީމް ނައީމުވަރަށް އިޚްލާސް ތެރިކަމާއެކު ރައްޔިތުންގެ މަޖިލީހުން އޭނައާ، ހަވާލުކުރެއްވި ވަޒީފާ ވަރަށް ޒިންމަދާރު ގޮތެއްގައި އަދާކުރައްވާކަމުގެ އަލިގަދަ ހެއްކެކެވެ. ރައްޔިތުން ހަވާލުކުރެއްވި ވާޖިބު އެންމެފުރިހަމަ ގޮތުގައި އަދާކުރައްވާ ކަމުގެސާފު ދަލީލެކެވެ. ފަހެ، މިރިޕޯޓަކީ، ރައްޔިތުންގެ ޝުކުރު ހައްގުވެގެންވާ ވަރަށްފުރިހަމަ ރިޕޯޓެކެވެ. ދެން ބާކީއޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އަދާކުރަންޖެހޭ ވާޖިބު އަދާ ކުރެއްވުމެވެ. ވީހާއަވަހަށް އެފިޔަވަޅުތައް ގާނޫނުތަކުގެދަށުން އެޅުއްވުމަށް ގޮވާލަމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް މުހަންމަދު ޝިހާބަށް ފަށްފަށުން އެކަން ހަދުމަކޮށް އަރުވަމެވެ. އަވަސް ހަރަކާތަށް ވަޑައިގަތުމަށް ދަންނަވަމެވެ. މިފަދަ ރިޕޯޓުތަކަށް ލަސްނުކުރައްވައި ފިޔަވަޅު އަޅުއްވަން ޖެހޭނެއެވެ. އޭ! ޝިހާބެވެ! މަޑުން ނުހުންނާށެވެ.
އްވެސް ޝައްކެތްނެތެވެ! އެއްވެސް ވަސްވާހެއް ނެތެވެ! “މިފަހަރަކީ، އަހަރުމެންގެ ފަހަރު” މި ޝިޢާރަކީ، ދިވެހިރިޔާސީ ގަނޑުވަރުން، ވަރަށް އަމިއްލަ މަގްސަދެއް ހާސިލުކުރުމަށް އުފެއްދި، ފޮރުވިފައިވާ ބޮޑެތި ސިއްރުތަކެއް އެކުލެވިގެންވާ ވަރަށްރީތި ޝިޢާރެކެވެ. ރަމްޒެކެވެ. ސްލޯގަނެކެވެ. ނިދާއެކެވެ. ނަޢުރާއެކެވެ. ބައެއްގެ ގޮވާލުމެކެވެ. ޕާޓީއެއްގެ ގޮވާލުމެކެވެ. ފަހެ، ބޭރުފުށުން ދިވެހި ޖައްވަށް މިޝިޢާރު ގުގުމާލީ، ވަރަށް ފޯރިޔާއި ޖޯޝާއެކުގައެވެ. ރައްޔިތުންގެ ވިންދާއެކު ވެގެންނެވެ. އެއް އަޒުމެއްގައި ގައުމިއްޔަތު ދިރުވުމަށެވެ. އެއް ކުލައެއްގެ ދަށުން، ދިވެހި ގައުމީ ފުޓުބޯޅަ ޓީމަށް ސާކު ސަރަހައްދުގެ ފުޓްބޯޅައިގެ ތަށި ކާމިޔާބު ކުރުމުގެ ވަރުގަދަ ހިތްވަރުގަ އެވެ. ފަހެ، އެކަންތައް ވަރަށް ފުރިހަމައަށް ހާސިލު ވެއްޖެއެވެ. ކާމިޔާބު ވެއްޖެއެވެ. ސަތޭކަ ޕަސަންޓަށްވުރެ މާމަތިން ކާމިޔާބު ކުރެވިއްޖެއެވެ. ދެން ބާކީއޮތީ، ރިޔާސީ ގަނޑުވަރުން މި ޝިޢާރު އުފައްދާއި އުފަންކުރުމުގެ ހަގީގީ މަގްސަދު، ވެރިކަމުގެ ފަރާތުން ކާމިޔާބު ކުރުމުގެ ބަޔެވެ. މިފަހަރަކީ، ރައީސް މައުމޫނުގެ ފަހަރު ކަމުގައި އަނެއްކާވެސް ގަދަބާރުން ހަދާލުމެވެ.
އެއްވެސް ޝައްކެތްނެތެވެ! ރިޔާސީ އިންތިޚާބު 2008 ގެފުރަތަމަ ބުރުން، ޑީއާރުޕީ ބަލިވެއްޖެއެވެ. އެއީ އަޅުގަނޑުމެން ހީކުރިގޮތެވެ. ޑޮކްޓަރ ވަހީދު އެމްޑީޕީއާ އެއްކޮޅަށް ޖެހިވަޑައި ގަތުމުން އެމްޑިޕީ ދެވަނައަށް ގޮސް، ޑީއާރުޕީއާ ވާދަކުރުމަށް ދެވަނަބުރަކަށް ދާނެކަންވަނީ، ޔަގީނާގާތަށް ކަށަވަރު ވެފައެވެ. ފަހެ، މިނަތީޖާއަށް ބަލާއިރު އެހެންފަހަރުގެ ރިޔާސީ އިންތިޚަބު ތަކުގައިވެސް ފަންސާސް ޕަސަންޓަށްވުރެ ދައްވާނެކަން ހާމަވެއްޖެއެވެ. މިފަހަރު މިބޭއްވުނު އިންތިޚާބާގުޅިގެން، އެހެންވީއޭ މިހެންވީއޭކިޔުން، މުޅިން ހުއްޓާލާށެވެ. މާޒީތެރެއަށް ފާއިތުވެ ހިނގައްޖެ ކަމެއްގެ ގޮތުގައި ރޮންގެއް ދާމާލައްވާށެވެ. އެވާހަކަތައް މުޅިން ހަދާންނައްތާލާށެވެ. ރޮނގެއްދަމާލެއް ވުމަށްފަހު، އަލުން ފަށަންވީއެވެ. އަވަހަށް ފަށައިގަންނަން ވީއެވެ. އެނޫންގޮތެއް ކުރިމައްޗަކު ފެންނާކަށްނެތެވެ. ދިވެހިރާއްޖޭގެ، ކުރިމަގަށް އާވިސްނުމަކާއެކު ފަށަންވީއެވެ.
އިންތިހާއަށް ފަސާދަވެފައިވާ ދިވެހި ސަރުކާރާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ އަމާޒުތައް ދިފާއުކުރާ އަށްޑަނައަކީ، އިސްލާހު ކޮށް އަލަށް އެކުލަވާލެވުނު ގާނޫނު އަސާސީއެވެ. ހުރިހާ ދިމާއަކުން އަންނަމުންދާ ހަމަލާތަކުން ދިފާއުވުމަށާއި ބާރުގަދަ ކުރުމަށް ސަރުކާރުން ބޭނުންހިފަނީ، އާއަސާސީއެވެ. ހަމަ އެފަދައިން ފަސާދަވެފައިވާ ސަރުކާރު ބަލިކޮށްލައި ވަށްޓާލުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނަށް، އެކި ދިމާތަކުން އަންނަ ހަމަލާތަކުން ދިފާއުވެ، ސަލާމަތްވުމަށް ވެސް ބޭނުންކުރަނީ، ހަމަ އާއަސާސީއެވެ. ފަހެ، ދެފަރާތުންވެސް އަށްޑަނައަކަށް ހަދާފައިވަނީ، އާއަސާސީއެވެ. އިދިކޮޅު ފަރާތް ތަކުން ދެކެނީ، ރައީސް މައުމޫނު ބަލިކޮށްލުމަށް ފަހު، ސަރުކާރު ވަށްޓާލެވޭނީ އާއަސާސީގެ ދަށުން ކަމުގައެވެ. ރައީސް މައުމޫނު ވެސް ހަށިފޮޅާ ލައްވައި ހިންދެމިލައްވަން ބޭނުންވަނީ، އާއަސާސީގެ ދަށުން އޭނާގެ ފަސާދަވެފައިވާ ދުވަސްވީ ސަރުކާރު ހިމާޔަތް ކޮށް، ދަމަހައްޓައި ދިނުމުގެ ބޭނުމުގައެވެ.
ޝައްކެތްނެތެވެ. އަލްފާޟިލް މުހަންމަދު ނަޝީދު (އަންނި) އަކީ، 1989 ވަނަ އަހަރު އިނގިރޭސި ވިލާތުން، ފުރަތަމަ ޑިގްރީ ހާސިލު ކުރައްވައިގެން މާލެ ވަޑައިގެން، ރައީސް މައުމޫނުގެ މަގު ފުރެދިފައިވާ ސަރުކާރުގައި މަދު ދުވަސްކޮޅަކު އުޅުއްވި ވަރަށް ކަންކަމުގައި އިސްކޮށް އުޅުއްވަން ކެރޭ މުރާލި ބޭފުޅެކެވެ. އަދި މާލެ ވަޑައިގެންނެވި ހިސާބުން ފެށިގެން ވެސް އޭނާއަކީ، ދިވެހި ރާއްޖޭގައި، 1980 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ އިސްލާހީ ހަރަކާތުގައި، އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި އިސް ބޭފުޅެއްކަން، ދިވެހި އުންމަތް ހިތުރުހުމުން ގަބޫލުކުރާނެ މީހެކެވެ. އެކަމަށް ދިވެހި އުންމަތް ހެކިވާނެ މީހެކެވެ. ޑޮކްޓަރ ހަސަން ސަޢީދަކީ، އޮސްޓްރޭލިޔާއިން ޑޮކްޓަރ އޮފް ފިލޯސަފީ، ދުނިޔެމަތީ ގައިނެގޭ، އެންމެމަތީ ފާސް ހާސިލު ކުރައްވައިގެން މާލެ ވަޑައިގެންނެވި ހިސާބުން ފެށިގެން، ރައީސް މައުމޫނުގެ މަގުފުރެދިފައިވާ ސަރުކާރު ދަމަހައްޓަން ވަރަށް ހިތްވަރާއެކު، ގަދައަޅާ މަސައްކަތް ކުރެއްވި މީހެކެވެ. 5 އޯގަސްޓް 2007 ވީ (އާދީއްތަ) ދުވަހު މެންދުރުފަހު، ދެގަޑި ތޭވީހުގައި ރައީސް މައުމޫނަށް އިސްތިއުފާސިޓީ ހުށަހެޅުއްވި ވަގުތާ ޖެހެންދެން އެނާ ހުންނެވީ، އެގޮތުގެ މަތީގައެވެ.
އާދެ! މިދުވަސްވަރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ، ބޮޑުމަޖިލީހުގެ ތެރޭގައި ކުޅެމުން ގެންދާ ސިޔާސީ ކުޅިގަނޑާ ދިމާލަށެވެ. ފަހެ، މިއީ ސިޔާސީ ރާޒުވާ ކުޅިގަނޑެކެވެ. މިކަން ގަސްދުގައި އެހެންކުރަމުން ގެންދަނީ، 2008 ގައި އޮންނަ ރިޔާސީ އިންތިޚާބުގެކުރިން ގާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙުތަކެއް އަވަސް އަވަހަށް ގެނެސް އަސާސީ، ނިންމާލުމުގެ ވަރުގަދަ ދަޅައިގެ ދަށުންނެވެ. އެއްގޮތަކަށް ވެސް ހަމަޖެހިލައިގެން ތިބެ، ރައްޔިތުންނަށް އަބަދަށް ފައިދާކުރާނެ އަސާސީއެއް ލިޔެދިނުމުގެ ވިސްނުމެއް ނެތެވެ. ނުގެންގުޅެއެވެ. އަވަސް އަރުވާލާފައި އުޅެނީ، ކޮންމެވެސް އަމިއްލަ މަގްސަދެއް ހާސިލުކުރާށެވެ. އެހެނަސް 1998 ޖެނުއަރީ މަހު 1 ގައި ޢަމަލުކުރަން ފަށާފައިވާ، މިހާރު އަމަލު ކުރަމުންގެންދާ އަސާސީގައި އެކިކަންތައްތައް ބަނދެވިފައި ހުރިގޮތުން ޚިޔާލު ތަފާތުވުމަށް ދޮރުތައް ހުޅުވިފައި ހުރިލެއް ވަރަށް ބޮޑެވެ. ދުނިޔެތަރައްގީވެ ހުޅުވިފައިވާ ތަހުޒީބީ ދުވަސްވަރެއްގައި 113 މެންބަރުން ހިމެނޭ ވަކިހުދޫދެއް ހަމަޖެހިފައި ނެތް މާސިންގާބޮޑު މަޖިލީހެއްތެރޭގައި ޚުދުމުޚްތާރު ގޮތްތަކެއް، އެމަޖިލީހުގެ ރިޔާސަތުން އެއްގޮތަކަށް ވެސް ގެންގުޅެގެނެއް ނުވާނެއެވެ.
ކޮންމެ ގައުމެއްގައި ވެސް، ކޮންމެ މުޖުތަމަޢެއްގައި ވެސް، ހުރިހާ އެއްޗަކީ، ރައްޔިތުންނެވެ. ރައްޔިތުންނާ ނުލައެއް ޢިއްޒަތާއި ކަރާމާތަށް އެއްވެސް ޖާގައެއް ނުވާނެއެވެ. ކިތަންމެ ބޮޑުު ބިނާއެއް ބިދޭސީބައަކު ލައްވާ ހަދާފައި ބެހެއްޓިޔަސް، ރައްޔިތުންނާއި ނުލައި ހޯދައި ލިބިގަނެވޭނެ ޢިއްޒަތެއް، މާތްކަމެއް އަދި ކަރާމަތެއް ނުވެ އެވެ. ޢިއްޒަތާއި މާތްކަމާއި ކަރާމާތް ހައްގުވެވޮޑިގެން ވަނީ، ﷲ އަށެވެ. ފަހެ، ހުރިހާ ޢިއްޒަތެއް، އަދި މާތްކަމާއި ކަރާމާތެއް ލިބިވޮޑިގެން ވަނީ، ﷲ އަށާއި އެކަލާގެ ރަސޫލާއަށެވެ. އެއަށްފަހު، މުއުމިނުންނަށެވެ. ނަމަވެސް މުނާފިގުންނަކަށް ނޭގޭނެއެވެ. އެމީހުން ތިބޭނީ ވެރިކަމުގެ ބާރާއި މަޖަލުގައި ޣަރަގުވެފައެވެ. ހަވާނަފްސަށް އާވާރާވެފައެވެ. ހެޔޮ މަގު ގެއްލި މަގުފުރެދިފައެވެ. ކީރިތި މޫރިތި ޢިއްޒަތްތެރިކަން އެދޭ މީހާ ދަންނާށެވެ. ފަހެ އެންމެހާ ކަރާމާތާއި ކީރިތިވަންތަކަމާއި ޢިއްޒަތްތެރިކަން މިލްކް ވެވޮޑިގެންވަނީ ﷲ އަށެވެ. ރީތި ރަނގަޅު ބަސްތައް އަރައިގެން ދަނީ ﷲ ގެ ހަޟްރަތަށެވެ. އަދި ޞާލިޙު ޢަމަލުތައް ﷲ އުފުއްލަވައެވެ. އަދި ނުބައި ނުލަފާ މަކަރުތައް ރާވައި މަކަރުވެރިވާ މީހުން، ދަންނާށެވެ!
އާދެ! 2007 ވަނަ އަހަރަށް ލަފާކުރައްވާ 12.34 ބިލިއަން ރުފިޔާގެ ބަޖެޓު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓު ހުށަހަޅައި ދެއްވީ، ފިނޭންސް މިނިސްޓަރ އޮނަރަބަލް ޤާސިމް އިބްރާހިމް ވަރަށް ފަޚުރުވެރިކަމާއެކު އުފަލުން ހިނިތުން ވެލައްވައި ހުންނަވައި ގެންނެވެ. މިއީ ދިވެހި ތާރީޚުގައިވެސް މިހާތަނަށް ހުށަހެޅުނު އެންމެ ބޮޑު ބަޖެޓެވެ. އަދި ރައްޔިތުންގެ ބޮލުގައި އަޅުވާ އެންމެ ބޮޑު ދަރަނީގެ ބަޖެޓެވެ. އަހަރު ތަކަކަށް ދިވެހި ރައްޔިތުން މި ބަޖެޓުން ދަރަނިވެރި ވެގެންދާނެއެވެ. މި ބަޖެޓުގެ ތިލަފަތް، ހަމަ ކުރައްވާފައި ވަނީ، ދައުލަތަށް ލިބޭނެ ކަމަށް ލަފާ ކުރައްވާފައިވާ 7.3 ބިލިއަން ރުފިޔާ އާއި ލޯނުގެ ގޮތުގައި ލިބޭނެ ކަމަށް އުއްމީދުކޮށް ލަފާ ކުރައްވާ 5.06 ބިލިއަން ރުފިޔާއިންނެވެ. މިއީ އެކި ގޮތްގޮތަށް ރައްޔިތުން ދަރުވާލާ ބޮޑު ދަރަންޏެކެވެ. މި ގޮތަށް ތިލަފަތް ހަމަ ކޮށްލުމަކީ، ވަރަށް ފަސޭހައިން ކޮށްލެވިދާނެ ކަމެކެވެ. ގްރޭޑް ތިނެއްގެ ދަރިވަރަކަށްވެސް މިކަން ކޮށްލެވިދާނެއެވެ. އެންމެ އާދައިގެ ނޫސްވެރިއަކަށް ވެސް މިގޮތަށް ތިލަފަތް ހަމަކޮށްލެވިދާނެ ބަޖެޓެއް އެކުލަވާލައި ނޫސްތަކުގައި ނެރެވިދާނެއެވެ. މާއުނދަގޫ ކަމަކަށް ނުވާނެއެވެ.
އޭ! އިސްލާމުންނޭވެ! ދަންނާށެވެ! ރައްޔިތުންގެ ސަރުކާރެއް އޮތުމުގެ ބޭނުމަކީ، މުޖުތަމަޢުގެ ހަމަހަމަ ކަމާއެކު އެންމެންގެ ހައްގުތައް ފުރިހަމަ ވެގެންދާނެ ސަލާމާތްތެރި ރީތި ދިރިއުޅުމެއް އެންމެހާ ރައްޔިތުންނަށް ލިބިފައި އޮތުމެވެ. ވަރަށް ޒިންމާދާރު ތެދުވެރި ބަޔަކު އިސްކޮށް ބައިތިއްބައިގެން މިފަދަ ދިރިއުޅުމެއް މުޅި ހަޔާތުގައި ހޭދަ ކުރުމެވެ. އުފާވެރި ޒިންދަގީއެއް މުޅިޢުމުރުގައި ހޭދަކުރުމެވެ. އެއަށްފަހު، ދުނިޔެއާއި އާޚިރަތް، އަބަދާއި އަބަދަށް ކާމިޔާބު ކުރުމެވެ. ރައްޔިތުންގެ ޒިންމާދާރު ވެރިކަމެއްގައި މުސްތަގިއްލުކޮށް ހުންނަ އިދާރާތައް މާގިނަ ކުރުމަކީ، ޒިންމާދާރު ކުރުވުމެއް ނޫނެވެ. އެއީ ބާރުތައް ކުދިކުދިކޮށް ލުމެވެ. ބައިބަޔަށް ބަހާލުމެވެ. ދުސްތޫރާއި ޝަރީޢަތް ހިންގުން ބައިބަޔަށް ބަހާލާއިގެން ވަކިވަކިން ތަންފީޒުކުރުމަކީ ޙަޤީޤަތުގައި ދަތިތަކެއް ހުންނާނެކަމެކެވެ. ހުރަސްތަކެއް ކުރިމަތިވާނެއެވެ. އަދި އެންމެންހާ ރައްޔިތުންގެ ހައްގުތައް ދިފާޢު ކުރުމުގައި އޮޅުންތަކެއް ހިނގާނެ ކަމެކެވެ. ހަގީގަތަކީ، ކޮރަޕްޝަން ހިންގުމަށް އިތުރު ދޮރުތަކެއް ހުޅުވުމެވެ. ފުރިހަމަކޮށް އެއް ޒަޢާމަތެއްގެ ބާރުދައުލަތުން ފެނިގެން ނުދިއުމެވެ. އާދެ! އިންސާނުންގެ ސިކުނޑިތަކަށް ފެނުނުހާ މޮޅު ގޮތްގޮތަށް އެކިއެކި ނަންނަމުގައި ރައްޔިތުންގެ ސަރުކާރުތައް ބިނާކޮށް މާޒީގައިވަނީ، ތަޖުރިބާ ކޮށްފައެވެ.
އާދެ! 2008 ވަނަ އަހަރުގެ ނޮވެމްބަރ 11 އަށް، މިހާރު މިހިނގަމުންދާ ވެރިކަމުގެ ދައުރު ހަމަވާނެއެވެ. އޭގެ ކުރިން ރައްޔިތުންގެ ޚާއްޞަމަޖިލީހުން، އަސާސީއަށް އެއްވެސް ކަހަލަ ބަދަލެއް ނުގެނެވިއްޖެނަމަ ޖެހޭނީ، މިހާރުވެސް އަމަލު ކުރަމުންގެންދާ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރައީސުލް ޖުމުހޫރިއްޔާއަކު، އާދައުރަކަށް އަލުން އިންތިޚާބުކުރާށެވެ. ދައުލަތުގެ އެންމެ މަތީވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީވެރިޔަކީ، އަދި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިޔަކީ އެއިންތިޚާބުގައި އިންތިޚާބު ކުރާމީހާއެވެ. ފަހެ، އިންތިޚާބު ކުރެވޭ މީހެއްގެ ކިބާގައި ހުންނަން ޖެހޭ ސިފަތަކަކީ، މުސްލިމެއް ކަމުގައި ވުމާއި ސުންނަތް ޖަމާޢަތުގެ ހަތަރުމަތިފުށް ދިވެހި، ދިވެހި ރައްޔިތެއްކަމުގައި ވުމާއި އުމުރުން 35 އަހަރު ވެފައިވާ ފިރިހެނަކު ކަމުގައިވުމާއި ބުއްދިހަމައަށް ހުރި މީހެއްކަމުގައި ވުމާއި ރައީސުލް ޖުމުހޫރިއްޔާކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ލަޔާގަތު ހުރި މީހަކު ކަމުގައި ވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ ނުވަތަ ޚިޔާނާތެއްގައި ބެދި އަބުރު ގެއްލިފައިވާ މީހަކުކަމުގައި ނުވުމާއި ބޭރު ގައުމެއްގެ ރައްޔިތެއްކަމުގައި ނުވުމާއި ބިދޭސީއަކާއި އިނދެގެން ހުރިމީހަކު ކަމުގައި ނުވުމެވެ. ރައީސުލް ޖުމުހޫރިއްޔާ އިންތިޚާބުކުރާނީ ރައްޔިތުންގެ އާންމު ސިއްރު ވޯޓަކުންނެވެ.
އިންގިލާބަކީ ބަޔަކުމީހުން ވެގެން، އޮތްގޮތް ނޫން އެހެން ގޮތަކަށް ބަދަލު ކޮށްލުމެވެ. ފުރިހަމަ ބޮޑު ބަދަލެއް ގެނައުމެވެ. ވަރަށް ގިނަ ގޮތްގޮތަށް އިންގިލާބު ގެނެވެއެވެ. ދުނިޔެ ވަނީ، ތަފާތު އިންގިލާބުތައް ތަޖުތިބާ ކޮށްފައެވެ. އެކި ވައްތަރަށެވެ. އެކި ސިފަސިފައަށެވެ. އެބީދައިން ރާއްޖެވެސް ދެކެމުން މިދަނީ، އިންގިލާބެއްގެ ވިއްސާރަ ދުނިތަކެވެ. މިކުލަވަރު ތަކަކީ އިންގިލާބެއްގެ ފެށުންކަން ކަށަވަރެވެ. މިއީ ގައުމު ދެކޭނެ ހަމަހިމޭން އިންގިލާބެއް ކަން ޔަގީނެވެ. ކަށަވަރެވެ. ދިވެހިން ދެކެމުންމިދާ އިންގިލަބަކީ، ލޭ އޮހޮރުވުމެއް ނެތް މީރުވަހުން ފުރިގެންވާ، ތަހުޒީބީ އިންގިލާބަކަށް ވާން ޖެހޭނެއެވެ. ދިވެހި ދަރިންގެ ކުޅަދާނަކަން ފެނިގެންދާނީ އޭރުންނެވެ. އެއްވެސް ބަޔަކު ބިންމަތީގައި ފަސާދައަށް މަގުފަހިކޮށްގެން ނުވާނެއެވެ. އަދި ބިންމަތީގައި ފަސާދަ ކޮށްގެން ނުވާނެއެވެ. ﷲ ޢަމުރު ކުރައްވަނީ ބިންމަތީގައި ފަސާދަ ނުކުރުމަށެވެ. ސުލްހަ ވުމަށެވެ. އެއްބަޔަކު އަނެއްބަޔަކާ އަބަދުވެސް ސަލާންކުރުމަށެވެ. ސަލާމަތްތެރި ކަމުގައި ތިބުމަށެވެ.
ﷲ ތަޢާލާ އިންސާނުން އެންމެ މާތް ސިފައިގައި ހައްދަވައި ބުއްދިދެއްވައި މަޚްލޫޤުތަކުންގެ ތެރެއިން އެންމެ ޝަރަފުވެރި ކުރެއްވުމުގެ، އަޖައިބުތަކުގެ ތެރެއިން އެއް އަޖައިބަކީ، އިންސަނުން ފިތުނަ ފަސާދައާއި ބަރަހަނާ (NUDISM) ކަމާއި ހުރި ދުރުހެލި ކަމެވެ. ފަސާދައާއި ބަރަހަނާ ކަމަކީ އިންސާނާއަށް މަނާކުރެވިފައިވާ ދެކަމެވެ. އެހެން ވުމުން އަބަދުވެސް ޝައިޠާނާ ގަދައަޅައި މަސައްކަތް ކުރަމުން ގެންދާނީ އިންސާނުން ގައިގައިވާ ހުސްޠާހިރު ވަންތަކަމުން އެއްކިބާކޮށް މަކަރުވެރިކަމާއި ނަޖިހުން ތަތްތެޅިފައިވާ ފިތުނަ ފަސާދައާއި ބަރަހަނާ ކަމުގެ ތެރެއަށް ވައްދައި ޣަރަގުކޮށްލުމަށެވެ. އާދަމުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ހައްވާއާއި އިންސާނީ ދަރިފަސްކޮޅަށް އަދާވާތްތެރިއެއްގެ ގޮތުގައި ޝައިޠާނާ ވިއެވެ. ލަޢުނަތްލެއްވުނު މި އިބްލީސް ވަނީ، ސުވަރުގޭގައި، އަދާމުގެފާނަށް ﷲގެ ބަސްފުޅު އެއްގޮތަކަށް ވެސް ނޭހުމަށް ވަސްވާސް ލައިދީފައެވެ. އަދި އާދަމުގެފާނުގެ ދެކަނބަލުން ސުވަރުގޭން ބޭރަށް ނެރެލުމަށްޓަކައި ރޭވި މަކަރުވެރިކަމުގައި ޝައިޠާނާއަށް ވަނީ، މިހެން ބުނެގެން ނޫނީ ހައްލާނުލެވި ފައެވެ. އިބިލީހުގެ މަކަރުވެރި ވަސްވާހުގައި އެބޭފުޅުން ޖެހިވަޑައިގެންފައި ވަނީ، އިބިލީސް މިފާޑަށް މަސައްކަތް ކުރުމުންނެވެ. [އޭ އާދަމުގެފާނެވެ! ކަލޭގެފާނު އެގަހުން ފަރީއްކުޅުއްވައިފިނަމަ، އަބަދަށް ދެމިހުންނާނޭ ޝަޖަރަތުލްޚުލްދަކާއި ފަނާވެގެން ނުދާނޭ މުލްކެއް (ވެރިކަމެއް) ކަލޭގެފާނަށް ތިމަން ދައްކަންހެއްޔެވެ؟] (ސޫރާ ޠާހާ 120)
ރައްޔިތުންގެ ބޮޑު މަޖިލީހުގައި، ގާނޫނުތައް ހަދާ ފަރަތް ކަމުގައިވާ ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތުގެ ބަހުސް ހިނގަމުންދާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ބޮޑު މަޖިލީހުގެ ރިޔާސަތުން ގެންގުޅުއްވާ ދިގުދެންމުމުގެ ޕޮލިސީގެ ދަށުން، ގޮތެއް ނުނިމި ދިގުލަނީ އެވެ. އެޅޭނެ ފިޔަވަޅެއް ނެތެވެ. އެޖެންޑާ ކުރެވޭ ކޮންމެ ބަހުސެއްގެ ހާލަކީވެސް މިއެވެ. އެންމެ ފަހުން މި މައުޟޫއަށް ހޫނު ގަދަ ބަހުސެއް ކުރެވުނީ، ބޮޑު މަޖިލީހުގެ 6 ނޮވެމްބަރ 2006 ދުވަހު އޮތް 120 ވަނަ ޖަލްސާގައެވެ. އަދިވެސް މިމައުޟޫ ނިންމާލެވޭނެ ދުވަހެއް ނޭގެއެވެ.
އާދެ، މިމައުޟޫގައި އެންމެ އުސް އަލިކަމެއްގެ ގޮތުގައި އުޅެނީ، އަންހެން ބޭފުޅުންނަށް ޚާއްޞަ ކުރެވޭ ގޮނޑިތަކެއް ކަނޑައެޅޭ ކޯޓާއެއްގެ ގޮތުގައި ހަމަޖައްސާފައި ބެހެއްޓުމުގެ ޚިޔާލެވެ. އަސާސީގައި މިގޮތަށް ލިޔުމަށެވެ. މިވިސްނުން އުފަންވެގެން މިއުޅެނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރުމުގެ ނަމުގައި އޮޅުވާލައިގެން ނެރެގެން އުޅޭ ބޮޑު ބަހަނާ އެއްގެ ދަށުންނެވެ. ދިވެހިންގެ ތެރޭގައި އެއްވެސް އިރެއްގައި އަންހެނަކަށް ވާތީވެއޭ ކިޔާފައި އެއްވެސް ކަހަލަ ހައްގެއް ލިބުމުގައި ތަފާތު ކުރެވިފައެއް ނުވެއެވެ. މި ވިސްނުމަކީ ވަރަށް ގަދީމީ ވިސްނުމެކެވެ. މިހާރަކަށް އައިސް އުފަންވެގެން އުޅޭ ޚިޔާލެއް ނޫނެވެ.
(މިއީ އަޅުގަނޑު ބޮޑުމަޖިލީހުގެ 116 ވަނަ ޖަލަސާ ނިންމާފާއައިސް ކުރެވުނު އިހްސާސް ތަކުގެ މައްޗަށް ލިޔެފައިވާ މަޒުމޫނެކެވެ.)
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ 1 އޮކްޓޯބަރ 2006މ، (އާދީއްތަ) ދުވަހު އޮތް 114 ވަނަ ޖަލްސާ އާއި 8 އޮކްޓޯބަރ 2006މ، (އާދީއްތަ) ދުވަހު އޮތް 115 ވަނަ ޖަލްސާއާއި 9 އޮކްޓޯބަރ 2006މ، (ހޯމަދުވަހު) އޮތް 116 ވަނަ ޖަލްސާއައި މިތިން ޖަލްސާއަކީ، އެއް ގޮތަށް ވުރެ ގިނަ ގޮތް ގޮތުން ފާހަގަކުރެވޭ ވަރަށްމުހިންމު، ސިޔާސީ ބައްދަލުވުން ތަކެކެވެ. އަދި ދިވެހި ތާރީޚަށްޓަކައި އެޖަލްސާތަކާބެހޭ ތެދު ހަގީގަތް ހާމަކޮށް ލިޔެ، އަންނަން އޮތް ޖީލުތަކަށް ތާރީޚީ ފަތްފުށް ތަކުގައި ރައްކާކޮށް ތާއަބަދަށް، ފޮރުވާފައި ބަހައްޓަން ޖެހޭފަދަ، ތާރީޚީ ހާދިސާތަކެއް އެބައްދަލުވުން ތަކުގައި ހިނގާ ގޮސްފައި ވެއެވެ. އެޖަލްސާތައް ވަނީ، ދާންޖެހޭ ހަގިގީމަގުން ކައްސާލާފައެވެ. އަދި ދާންޖެހޭ ސީދާމަގު ވަނީ، ރިޔާސަތުން އޮޅުވާލާފައެވެ. މިކަން ވަރަށް ކާރި މުސްތަގްބަލެއްގައި ފަހުން ފެނި، ސާބިތު ވާނެއެވެ.
އެޝަޚްސިއްޔަތެއްގެ މަގްބޫލުކަން އެޝަޚްސިއްޔަތަކާ މެދު ޢަމަލުކުރެވުނު ނުބައި ނުލަފާ ކަންތައްތަކެއްގެ ސަބަބުން ފަނޑުވެގެން ދިޔަ ޝަޚްސިއްޔަތަކީ، އެއްދުވަސް ވަރެއްގައި ދިވެހި ރާއްޖެ އުފެއްދި އެންމެ މާތް ދަރިޔާގެ ލަގަބު ދެވެމުން ދިޔަ މިހާރުވެސް އެބޭފުޅަކު ދުނިޔޭގައި (ރާއްޖޭން ބޭރުގައި) ހުންނެވި ރައީސް އިބްރާހިމް ނާސިރެވެ. ގަސްތުގައި ދިވެހި ރާއްޖެދުށް، މިބަޠަލުގެ މާޒީން ސަފްހާތަކެއް ވަނީ، ނަގާލާފައެވެ. އެ ސަފްހާތަކަށް ވަނީ، ފަނޑުކަމެއް ގެނެސްފަ އެވެ.
ފަހެ، އެއީތޯއެވެ. ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ. (ޚިދުމަތްތެރި ދިވެހި ދަރިންނަށް ދިވެހިދަރިންދޭ އެންމެ މަތީ ދަރަޖައިގެ ރަން މެޑަލް) ދިވެހި ޣާޒީންނަށް ދިވެހިން ކިޔައި އުޅުނު ރަންނަބަނޑޭރި ކިލެގެ ކަމުގެ ކޮލިލެވުނު ޢިއްޒަތްރެރި ވެރިއާއެވެ. ދިވެހި ދައުލަތުގެ ވެރިކަން ކުރެއްވި، ރައީސް އިބްރާހީމް ނާޞިރެވެ.
ވެހި ރާއްޖެއަށް އެންމެ ފުރަތަމަ ފަހަރަށް، އިނގިރޭސި ގަވަރުނަރެއް ޒިޔާރަތް ކުރީ ޝަމްސުއްދީނު ރަދުންގެ ރަސްކަމުގައި، ސަރަންދީބުގައި ބަހައްޓަވާފައި ހުންނެވި ދިވެހި ސަފީރު މެދުވެރިކޮށް ހިންގުނު ކަންތައްގަނޑެއްގެ ދަށުންނެވެ. ބާރުގަދަ ފަރާތްތަކުގެ އިސްތިޢުމާރުގެ ދަށުގައި ތިބުމަށްފަހު، މިނިވަންވި ދައުލަތުގެ ރައްޔިތުންގެ ހިތްތަކުގައި އަދިއަދާ ހަމައަށް ވެސް، އުފެދެމުންދާ ވަރުގަދަ ލޯތްބާއި ކުލުނު ހިނގަ ހިނގާ އޮވެއެވެ. އިސްތިޢުމާރު ކުރި ފަރާތްތަކުން ވެސް އިސްތިޢުމާރުގައި ތިބި ބައެއްދެކެ ލޯބި ވާނެއެވެ. ކުލުނު އޮންނާނެ އެވެ. އެދުމެއް އޮންނާނެއެވެ. ބައެއް މީހުން ކިޔަވާ ވިދާޅުވާ ރަށް ދެކެ އުފެދޭ ވަރުގަދަ ލޯތްބާއި ދާދި އެއްގޮތަށެވެ. މިސްރުން ކިޔަވާ މީހަކު މިސްރު ދެކެ ލޯބި ވާނެއެވެ. އެތާގެ އާދަކާދައަށް މަރުޙަބާ ކިޔާނެއެވެ. ސަޢުދިޔާއިން ކިޔަވާ މީހުން ސަޢުދި އަރަބިއްޔާ ދެކެ ލޯބިވާނެއެވެ. އެމެރިކާ އިންނާއި އެމެރިކަން ޔުނިވަރސިޓީ ތަކުން، ކިޔަވާ މީހުން އެމެރިކާ އާއެކު ގުޅުން ބާއްވާނެއެވެ. އިނގިރޭސި ވިލާތުން ކިޔަވާ މީހުން އިނގިރޭސި ވިލާތް ދެކެ ލޯބިވާނެއެވެ. ކުލުނު އޮންނާނެ އެވެ. މީގެ އިތުރުން، އެދައުލަތް ތަކުން ވެސް އެތަންތަނުން ކިޔަވާ ނިމިގެން ތިބޭ މޮޅު ދަރިވަރުން ފާހަގަކޮށް ގުޅުން ބާއްވާ ބަދަހި ކުރާނެއެވެ. އިސްކަމެއް ދޭނެއެވެ.