އެމްޑީޕީ އިއްތިހާދަކީ ދިވެހިގައުމުގެ ކުރިމަގަށްއެޅުނު ހަރުދަނާ ފިޔަވަޅެކެވެ.

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2008 ސެޕްޓެމްބަރ 18 ގައި)

2008 ސެޕްޓެމްބަރ 17 ވީ ބުދަދުވަހުގެ ހަވީރުއެންމެ ހިތްގައިމު ފިނިވަގުތުގައި، އެމްޑީޕީ މައި ހަރުގޭގައި އިގުރާރުވެ ސޮއިކުރި އެއްބަސްވުމަކީ، ދިވެހިގައުމުގެ ކުރިމަގަށް އެޅިގެންދިޔަ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމާމެދު، ހަގީގަތަށް ވިސްނާ އެއްވެސްމީހަކު ޝައްކެއް ނުކުރާނެއެވެ. އެމްޑީޕީއަކީ، ރައީސް މައުމޫނުގެ ސަރުކާރުގައި އުފެދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސިޔާސީޕާޓީ އެކެވެ. ފަހެ، ގައުމީ އިއްތިހާދަކީ، މިރާއްޖޭގައި އެމްޑީޕީ ވުޖޫދަށް ގެނައުމަށް މަސައްކަތްކުރި ބައެއްމީހުން ނުކުމެ އުފެއްދި ގާނޫނީ ހައިސިއްޔަތު ލިބިފައިވާ އަދިވަރަށް އުމުރުންހަގު ސިޔާސީޕާޓީ އެކެވެ. ހަގީގަތުގައި މިދެޕާޓީގުޅިގެން އުފެއްދި “އެމްޑީޕީ އިއްތިހާދަ” ކީ، ދިވެހި އުންމަތަށް، ދިވެހި ރައްޔިތުންނަށް މިވަގުތައް ބޭނުންވެފައިވާ ވަރަށް މުހިންމު ގުޅުމެކެވެ. އެމްޑީޕީގެ ޗެއާޕާސަން އަދި އެމްޑީޕީގެ ރިޔާސީކެނޑިޑޭޓު އޮނަރަބްލް މުހަންމަދު ނަޝިދު ގައުމީ އިއްތިހާދާ ގުޅިވަޑައިގަތުމަށް ކުރެއްވި މަސައްކަތަކީ އެބޭފުޅާގެ ސިޔާސީ ވިސްނުން ތޫނުކަމެވެ. ހަރުދަނާކަމެވެ. އަދި އެހެންމެ އޮނަރަބްލް ހަސަން ސައީދާއި ޖޫމްހޫރީޕާޓީން ވެސް މިމަސައްކަތް ކުރެއްވީ ރަނގަޅު މަގްސަދެއްގައެވެ. ކޮންމެއަކަސް އަޅުގަނޑުމެން ވިސްނަންވީ ގައުމީ އިއްތިހާދުން ވަރަށް ހަރުދަނާކޮށް ވިސްނެވުމަށްފަހު، އެޅުއްވި މުހިންމު ފިޔަވަޅަކީ މިވަގުތައް ދިވެހިގައުމަށް އެންމެފައިދާހުރި ފިޔަވަޅުކަމަށެވެ. ހަގީގަތުގައި މައުނަވީ ޑިމޮކްރަސީ އަކަށް މަސައްކަތްކުރާ ބަޔަކަށް އެނޫން ދެވަނަ ވިސްނުމެއް ނޯންނާނެއެވެ. މާއްދީގޮތުން މާއްދިއްޔަތަށް ވިސްނާފައި ޖުމްހޫރީޕާޓީގެ ރިޔާސީ ކެންޑިޑޭޓު އޮނަރަބްލް ގާސިމާގުޅުން އުފެއްދި ދާނެއެވެ. އެހެނަސް ޝައްކެއް ނެތްގޮތުގައި ގައުމީ އިއްތިހާދުން އިސްކަންދީފައި އެވަނީ ވަރަށްފާޅުގައި ގައުމީ އެއްބައިވަންތަ ކަމާއި ގައުމީ މަސްލަހަތަށެވެ. ފަހެ، މިތާރީޚީ ގުޅުމުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިގެން ނޫސްވެރީންނަށާއި ދިވެހި ގައުމަށް ގޮވާލެއްވި ގޮވާލެއްވުމަށް ލައްބައިކައޭ ވިދާޅުވެ އިޖާބަދެއްވުމަކީ، ދެންތިބި ހުރިހާ އިދިކޮޅުޕާޓީތަކަށް ހުޅުވިފައި އޮތްދޮރެކެވެ. މަރުހަބާ ކިޔަންޖެހޭ ކަމެކެވެ. ސިޔާސީޕާޓީއަކީ ވަކިމީހެއްގެ އެއްޗަކަށް ނުވެފައި އެންމެންގެ އެއްޗަކަށްވާތީ ކޮންމެހެންވެސް ވިސްނަންޖެހޭނެ ކަމެކެވެ. އަދި އެވިސްނުމަކީ ކޮންމެހެން އޮންނަން ޖެހޭނެ ވިސްނުމެކެވެ. ކޮންމެހެން ކުރަންޖެހޭނެ މުހިންމުކަމެކެވެ. މިފަދަ ގައުމީކަމަކަށް ފުރުސަތު ލިބުމުން ނުވިސްނާއިފިނަމަ އެއީބޮޑު ގޯހެކެވެ. ގައުމުގެ މުސްތަގުބަލާއި ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ފައިދާއަށްޓަކައެވެ. މޯލްޑިވްސް ލިބަރަލްޕާޓީއާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާއި ނިއޫމޯލްޑިވްސް، އަލަށް މިއުފެދުނު އެމްޑީޕީ އިއްތިހާދާ އަވަހަށް ގުޅެންވީއެވެ. ނުގުޅި ވަކިން ތިބެންވީ ކީއްވެތޯއެވެ. ފަހެ، ނުގުޅި ތިބެންވީ އެއްވެސް ސަބަބެއް ފެންނާކަށް ނެތެވެ. ސިޔާސީ އެންމެންގެ މަގްސަދަކީ ވެސް ރައްޔިތުންނަށް އިޚްލާސްތެރި ކަމާއެކު ޚިދުމަތްކޮށް ދިނުމެވެ. އެހެންވީއިރު އަވަހަށް ގުޅެންވީނޫންތޯއެވެ. ރައްޔިތުންގެ އެދުމަށް އިޖާބަދޭންވީ ނޫންތޯއެވެ. ތިރީސް އަހަރުވަންދެން ދެމިގެންމިދާ ޚުދުމުޚްތާރު ވެރިކަން އެންމެން ގުޅިގެން ނިމުމަކަށް ގެންނަން މަސައްކަތް ކުރުމަށް ފަށަންވީ ނޫންތޯއެވެ. މިފަދަ ރަނުގެ ފުރުސަތެއް ލިބެންއޮއްވާ ފަހަތަށް ޖެހިގެން ނުވާނެއެވެ. ގައުމީ އިއްތިހާދުން މިފަދަ ގުޅުމަކަށް އިސްނެންގެވީތީ ސިޔާސީ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށްބޮޑަށް ޝުކުރުވެރި ވަމެވެ. މިދެންނެވި ޕާޓީތައްގުޅި އެމްޑީޕީ އިއްތިހާދު އެކުލެވޭ އެއްބައި ވަންތަކަމުގެ ވަރުގަދަ ވަޒީރުންގެ މަޖިލީހަކުން، މިގައުމުގެ ވެރިކަން ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ އެދުމާއެއްގޮތަށް ކުރިޔަށްއޮތް ފަސްއަހަރު ދުވަހަށް ކަނޑައަޅައިގެން ކުރިޔަށް ގެންދެވޭނެކަން ކަށަވަރެވެ. ފަހެ، މިގޮވާލުމަށް ދެކޮޅުނުހަދައި ޕޮޒިޓިވް، އީޖާބީ ވިސްނެވުމަކުން ވިސްނަވާށެވެ. ގައުމުގެ މަސްލަހަތަށް އެއްބައި ވާށެވެ. ގުޅޭށެވެ. ރައްޔިތުންގެ އަޑުއަހާށެވެ. ގައުމުގެ މަސްލަހަތަށް ވިސްނާއިރު އެންމެ އިސްކަމެއް ދީގެން ވިސްނަންވީ ވެރިކަމުގެ ސަންދާނަކަށް ނޫނެވެ. ވެރިކަމުގެ ގޮނގިޔަކަށް ނޫނެވެ. ގައުމުގެ އެއްބައިވަންތަ ކަމަށެވެ. ގައުމުގެ މަސްލަހަތަށެވެ. ވެރިކަންކުރާ ބާރަށެވެ. ފަހެ، މިބާރުގައި އިދިކޮޅު ހުރިހާ ސިޔާސީޕާޓީތަކެއް ޝާމިލުވުމަކީ، އަދުގެ ސިޔާސީ މަސްރަހާއި ދިވެހި ރައްޔިތުންގެ އާދޭހެވެ. ގޮވާލުމެވެ. ފަރިޔާދެވެ. ރައްޔިތުންނަށް ލިބެމުންދާ އަނިޔަތަކުގެ ޝިފާއަށް ގޮވާލުމެވެ. ފަހެ އެއަނިޔާތަކަށް ފަރުވާދޭށެވެ. އެކަމުން ފަހަތަށް ނުޖެހޭށެވެ. ވަކިވަކިން ވެރިކަމުގެ ގޮނޑިޔާ ދިމާއަށް ނުދާށެވެ. އެކުވާށެވެ. ގުޅޭށެވެ. އޭރުން ވަރުގަދަ ބާރަކަށްވާނެއެވެ. މިއީ ރައްޔިތުންގެ ގޮވާލުމެވެ.

ފަހެ ދަންނާށެވެ! ރައްޔިތުންގެ މިއަޑުތައް މިއަދު އޮނަރަބްލް އިބްރާހީމް އިސްމާއީލާއި އޮނަރަބްލް ހަސަން ސައީދާއި އޮނަރަބްލް އުމަރުނަސީރު ކަނުލާއި ވަރަށް ވިސްނުން ތެރިކަމާއެކު، އަޑު އެއްސެވު މަކީ އެންމެކުރީގައި އޮތްވާޖިބެކެވެ. ފަހެ، ތިޔަބޭފުޅުންގެ މައްޗަށް ލާޒިމުވެގެންވާ މަޖުބޫރު ކަމެކެވެ. ގައުމަށް ހެޔޮއެދޭށެވެ. ރައްޔިތުންގެ އަނިޔާތަކަށް ޝިފާއެއް ދެއްވާށެވެ. ދިވެހި ގައުމަށް ހިނިތުންވުމެއް ގެނެސްދެއްވާށެވެ. އޭރުން އަދާލަތުޕާޓީއަށް ތާއީދުކޮށްގެން ތިބި ރައްޔިތުންވެސް އެމްޑީޕީ އިއްތިހާދަށް ވޯޓުދެއްވާނެކަން ކަށަވަރެވެ. ޔަގީނެވެ. އަދާލަތުގެ ވެރިން އޮނަރަބްލް ގާސިމް އިބްރާހީމުގެ ފަހަތުގައި މާއްދިއްޔަތަށް އެދިގެން ތިއްބަވާފާނެއެވެ. އެއަކުންވާނެ ގެއްލުމެއް ދިވެހި ރައްޔިތުންނަކަށް ނޯންނާނެއެވެ. ދިވެހި ރައްޔިތުންގެ ފަރިޔާދަށް، އާދެ އަނިޔާތަކުގެ ޝިފާއަށްއެދި ގޮވާގޮވާލުމަށް ސިޔާސީގޮތުން މިކަހަލަ ނާޒުކު ދަނޑިވަޅެއްގައި ފުރަގަސް ދިނުމަކީ، ސިޔާސީގޮތުން އެއްވެސްޕާޓީ އަކުން ކޮށްގެން ވާނެ ކަމެއްނޫނެވެ. ފަހެ ޑީއާރުޕީއާއި ޖުމްހޫރީޕާޓީ އިނދަޖެހިގެންދާނީ، ރައްޔިތުންގެ މިއަޑުތައް ވަރަށް ވިސްނުންތެރި ކަމާއެކު އަހައިގެންނެވެ. ގައުމުގެ މަސްލަހަތު، އަމިއްލަ ޕާޓީތަކުގެ މަސްލަހަތައްވުރެ އިސްކޮށްގެންނެވެ. ސިޔާސީ ލީޑަރުންނަކީ، ރައްޔިތުންގެ އަޑުއަހާއި ގައުމީ މަސްލަހަތަށް އިސްކަން ދޭންމަޖުބޫރު ވެގެންވާ ބައެކެވެ. ފަހެ، އެމީހުންނަކީ ރައްޔިތުންގެ ވެރީންނެވެ. ރައްޔިތުންގެ ލީޑަރުންނެވެ. ރައްޔިތުންގެ ވެރީންނަކީ، ރައްޔިތުންގެ އަޑު އަބަދުވެސް އަހާބަޔަކަށް ވާންޖެހޭނެއެވެ. ޚާއްސަކޮށް ދިވެހިގައުމަށް، ދިވެހިއުންމަތަށް ދިމާވެފައި މިވާފަދަ ނާޒުކު ދަނޑިވަޅުގައި ރައްޔިތުންގެ ވިންދައި އެއްގޮތަށް އެހެނިހެން އަމިއްލަ މަސްލަހަތުތައް އެއްކިބާކޮށް ދިވެހި ރައްޔިތުންގެ ގައުމީ މަސްލަހަތު ކުރިޔަށް ނެރެން ޖެހޭނެއެވެ. އެނޫންގޮތަކަށް ތިރީސް އަހަރުވަންދެން މޫލައިވަރުގަދަ ވެފައިވާ ޚުދުމުޚްތާރު ވެރިކަމެއް ނައްތާލާއި ބައްޔެއް ނުކުރެވޭނެއެވެ. އަނެއްކާވެސް އެމީހުން ކާމިޔާބު ކުރާނީއެވެ. ނުވަތަ އެވެރިކަމުގެ ވަރުގަދަ ހިޔަންޏެއް ވެރިކަމަށް އަންނާނީއެވެ. ނުވަތަ އެވެރިކަމުން އުފެއްދި ފަސާދަވެފައިވާ ސައުދާގަރުންގެ ދަށަށް ދިވެހިގައުމު ވެއްޓިގެން ދާނީއެވެ. ފަހެ، ދަންނާށެވެ! އެއީ ހަމަ އެންމެރަނގަޅު ގޮތްތޯއެވެ؟ ނޫނެކެވެ. އެހެން ނުހައްދަވާށެވެ. ފާހަގަކޮއްލަން މުހިންމު ތަންކޮޅެއްގެ ވާހަކައެއް ދަންނަވާލާނަމެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ވަރަށްކުރީކޮޅު ރާއްޖޭގައި އުފެދިގެންއައި އިސްލާހީ ހަރަކާތުގެ އެދުރުންނަކީ، އެމްޑީޕީ އުފެއްދުމުގައި އިސްސަފުގައި ހަރަކާތްތެރި ވެލެއްވި މުސްލިހުންނެވެ. ރިފޯމިސްޓުންނެވެ. ދެންތިބީ އެބޭފުޅުންގެ ދަރިވަރުންނެވެ. 1989 ވަނަ އަހަރުގައި ގާނޫނުހަދާ މަޖިލީހަށް އެބޭފުޅުން ރައްޔިތުންގެ ތާއީދާއެކު ވެންނެވިއެވެ. އޭރު އެންމެއިސްކޮށް ހުންނެވީ އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑޮކްޓަރ ވަހީދެވެ. ދިވެހިޓީވީގެ ޕްރޮގްރާމްތަކާ ބެހޭގޮތުން ހަވީރުނޫހުގައި ލިޔުނުމަޒަމޫނަކާ ގުޅުވައިގެން ރައީސްމައުމޫނު، އެންމެފުރަތަމަ ގެއަށްފޮނުވާލެއްވި ސިޔާސީމީހަކީ ވެސް ޑޮކްޓަރ ވަހީދެވެ.

ފަހެ، މިބޭފުޅުން، ރައްޔިތުންނަށް ވަރަށްފައިދާހުރި އާރުލާ، ވަރަށްހަރުދަނާ މަސައްކަތްތަކެއް ކޮށްދެއްވިއެވެ. މުހިންމުބިލްތަކެއް ހުށަހެޅިއެވެ. ފަހެ، އޭރު ދިވެހި ސަރުކާރުއޮތީ ކާމިނީކޭންޕާއި އެންދެރިކޭންޕުގެ ފުރިހަމަބާރުގެ ދަށުގައެވެ. އެހެނަސް އޮނަރަބްލް އިލްޔާސް އިބްރާހީމް، އެހަރަކާތުން ބަލިކޮށްލިއެވެ. ފަހަށް ޖައްސާލިއެވެ. ހަމައެރޫހުގައި ކުރިޔަށް މިއޮތް ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫނު ބަލިކުރުމަކީ އަލަށް މިއުފެދުނު އެމްޑީޕީ އިއްތިހާގު ޒިންމާއެކެވެ. ވީމާ އެއިއްތިހާދާއެކު އިދިކޮޅު ހުރިހާ ސިޔާސީ ލީޑަރުންގުޅި އެއްބައިވަންތަ ކަމުގެ ވަރުގަދަ ގުޅުމަކުން އެކުލަވާލާ އެއްބައި ވަންތަކަމުގެ ކެބިނެޓަކުން ކުރިޔަށް އޮތްފަސްއަހަރު ދުވަހު ދިވެހިސަރުކާރު ހިންގުމަކީ މިއިއްތިހާދަށް ވަރަށް ފަސޭހަކަމަކަށް ވާނެއެވެ. ގާނޫނުހަދާ މަޖިލީހުގެ ތެރޭގައި އުފެދުނު ސިޔާސީ އޮއިވަރުގެ ތެރެއިން 1994 ވަނައަހަރު ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ “ޕީޑީޕީ” ގެނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހަރަކާތްފެށުނެވެ. ރައީސް މައުމޫނާހަމައަށް މިކަންތައް ގެންދެވުނެވެ. މިހަރަކާތުގެ ވަރުގަދަ ކަމާއި މާލޭގެ ރައްޔިތުން އިލްޔާސް ބަލިކޮށްލިގޮތައި މިހުރިހާ ކަމަކާގުޅިގެން އެންދެރި ކޭންޕުގެ ވިސްނުމާއި ބުއްދީގެދަށުން އިލްޔާސްގެ ގައިމްމަގާމަކަށް ނެރުނީ އެންދެރިމާގެއަށް ލޯތްބާއިކުލުނާއި ހަމްދަރުދީ ޖެހިފައިވާ ގާސިމެވެ. 1994 ވަނަ އަހަރު ތެރޭގައި ކުރެވުނު އިސްލާހީ މަސައްކަތުގެ ނަތީޖާއިން ސިޔާސީޕާޓީއެއް ވުޖޫދަށް ގެނެވޭނެކަން ކަށަވަރުވުމާ ގުޅިގެން އެމީހުންގެ ފަރާތުން އިސްމީހެއްގެ ގޮތުން ގާސިމު ނެރުނީއެވެ. ދެންފަހެ، 2001 ވަނަ އަހަރު ތެރޭގައި އެމްޑީޕީ ނަމުގައި ސިޔާސީޕާޓިއެއް އުފެއްދުމުގެ ހަރަކާތްފެށުނުއިރު ގާސިމުވަރަށް އިސްރޯލެއް މިގޮތުގެ މަތީން ކުޅުއްވިއެވެ. އެވަގުތު ބޭރުގައި ހުންނެވި ޑޮކްޓަރ ވަހީދައި އޭނާ ބައްދަލުކޮށް މަޝަވަރާ ކުރެއްވިއެވެ. އަދި އެދަތުރަށްފަހެ، މާލެ ވަޑައިގެން 42 މީހުންގެ ސޮޔާއެކު އެމަސައްކަތުގައި އުޅުއްވިއެވެ. ދެންއައިސް މިނިވަން ބަހުސްތެރޭގައި ވެސް އިސްކޮށް އުޅުއްވިއެވެ. ރައީސް މައުމޫނުގެ ސަރުކާރަށް ފާޑުވިދާޅުވެ ހެއްދެވިއެވެ. އަދި 2005 ވަނައަހަރު އެމްޑީޕީ ރަޖިސްޓްރީ ވުމާހަމައިން އެމްޑީޕީތެރޭގައި ބޮޑުސަފޯޓަރެއްގެ ގޮތުގައިއޭނާ އިސްވެހުންނަވައި އޭނާގެޓީމު އެމްޑީޕީގެ ތެރޭގައި ވަރަށްއިސްކޮށް ގެންގުޅުއްވިއެވެ. ދެންފަހެ، ޖުމްހޫރީޕާޓީ އުފެއްދީ އެމްޑީޕީފަތަހަ ނުކުރެވޭނެކަން ޔަގީންވީމައެވެ. އެމްޑީޕީ ހަލާކުކޮށް ރޫޅާލުމުގެ މަގުސަދުގައި އެމްޑީޕީގެ ފުރަތަމަ ރިޔާސީ އިންތިޚާބަށް އެކިގޮތްގޮތުން ނުފޫޒުފޯރުވައި ހެއްދެވިއެވެ. ފަހެ، ސިޔާސީ މައިދާނަށް ގާސީމު ނެރުމުގެ މިބުއްދިއަކީ އެންދެރިކޭންޕުގެ ދުރާލާރޭވުގެ ދަށުން ހިންގިކަމެކެވެ. ބޮޑުސިޔާސީ ރޭވުމެކެވެ. ކާމިނީކޭންޕުގެޕާޓީ “ޕީއޭ” އާއި އެންދެރިކޭންޕުގެ ޖުމްހޫރީ ޕާޓީއަކީ ރައީސް މައުމޫނަށް އަބަދުވެސް ހަމްދަރުދީވާނެ ޕާޓީތަކެވެ. އެހެންވުމާއެކު ޑީއާރުޕީއާއެކު ޖުމްހޫރީޕާޓީއާއި ޕީޕަލްސް އެލަޔަންސް ވެސް ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ބަލިކުރަން ޖެހޭނެއެވެ. ފަހެ، ދަންނާށެވެ! މިކަންކުރެވޭނީ އެމްޑީޕީ އިއްތިހާދަށެވެ. އެމްޑީޕީ އިއްތިހާދާއެކު އިދިކޮޅުޕާޓީތައް ގުޅުމަކީ ރައްޔިތުންގެ އެދުމެއްކަން ޔަގީނެވެ. ރައްޔިތުންގެ އަޑެއްކަން ކަށަވަރެވެ. އަދި އެހެންމެ ރައްޔިތުންގެ ފަރިޔާދެކެވެ. ފަހެ، އެއީ މިވަގުތަށް އެންމެބޭނުންތެރި ހިކުމަތުއަމަލެވެ. ލަސްނުކޮށް އިޖާބަދެއްވާށެވެ. އަދިވެސް ވަގުތު އެބައޮތެވެ. ކުރިމަތިލެއްވުމަށް ފަހުވެސް ނަންއަނބުރާ ގެނެސް މިއަޑަށް އިޖާބަދެއްވި ދާނެއެވެ. ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *