އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 28 އޯގަސްޓް 2008މ.ގައި)
ސަންދާނު މަޖައްލާއަކީ، ދުނިޔެމަތީގައި ދިވެހިންދެމި ތިބިހާދުވަހަކު އޭގެއަޑު ދެމިގެންދާނެ މަޖައްލާއެއްކަން ކަށަވަރެވެ. ރައީސް މައުމޫނުގެ ތިރީސްއަހަރު ދުވަހުގެ މުޑުދާރު، ޚުދުމުޚްތަރު ވެރިކަން ދިވެހިތާރީޚުގެ ތަރެއަށް ހުތުރުގޮތުގައި ދެމިގެން ދާނެހެން، ސަންދާނު މަޖައްލާއަކީ، އޭގެރީތިގޮތުގައި ދިވެހިތާރީޚާއި ދިވެހިންގެ ވިންދައިގުޅި ލާމެހިފައިވާ އެއްޗެކެވެ. އަދި، ދިވެހިންގެ އަސާސީ ހައްގުތަކާ ގުޅިފައިވާ އެއްޗެކެވެ. މަގުމަތީގައި ކުނިކަހަން ތިބޭމީހުންނައި ހަމައިން ފެށިގެން ކަނޑުމަތީގައި ގިނަވަގުތު އުޅެމުންދާ މަސްވެރިންނާއި ސަރުކާރުގެ ހުރިހާއޮފީސް ތަކެއްގައި ސަންދާނު ކިޔަމުން ގެންދިޔައެވެ. ތުންތުންމަތިން ދެމިގެންދާ ސޮދަގާތެއްގެ ގޮތުގައެވެ. މިކަންކުރަނީ، ވަރަށް ސިއްރުކޮށް ވަރަށް ފޮރުވިގެން ތިބެއެވެ. ރައީސް އޮފީހުގެ ތެރޭގައި ގެންގުޅޭކަން ވެސް އިނގިފައިވެއެވެ. ފަހެ، އެންމެ މިނިވަންކޮށް ސަންދާނު ގެންގުޅެވުނީ ރާއްޖޭގެ ރަށްތައް ވަށައިގެންވާ މާސިންގާ ކަނޑުމަތީގައެވެ. ރާއްޖޭގެ މަސްވެރިންނަށެވެ. ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި، އުމުރުން ދުވަސްވީ މީހުންނާއި ޒުވާން އަތޮޅުވެރިންނަށް، ސަންދާނުލިބުން ލަސްވެއްޖެނަމަ، އަބުއިގޮތަކަށް އަޅުގަނޑައި ގުޅާހަދައެވެ. އަދި ސަންދާނުގެ އެންމެފަހު ކޮޕީއެއް ހޯދެންއޮތް ގޮތަކަށް ހޯދައެވެ. އެދުވަސްވަރު އަބަދުކަހަލަ ގޮތަކަށް އަންބޮނޑީގައި ސަންދާނު ގެންގުޅެން އަޅުގަނޑަށް ޖެހެއެވެ. ސަންދާނަކީ، ދިވެހިރާއްޖޭގެ މިވެރިކަމުގައި އުފެދުނު ރިފޯމް މަސައްކަތް ރާއްޖޭގެ ތަންކޮޅުތަކަށް ފަތުރާއި ދިރުވައިދިން، ބިމުއަޑީގައި ނެރެވެމުންދިޔަ މަޖައްލާއެކެވެ. ވަރަށް އަލިގަދަ ދަންމަރެކެވެ. ދިވެހި ރާއްޖޭގައި ހަގީގަތާ އެއްގޮތަށް ތެދުމައުލޫމާތު މިނިވަން ކަމާއެކު ފަތުރަން ފެށުމުގެ ފެށުމެވެ. މިދަންނަވަނީ ބިމުގެއަޑީގައި ސަންދާނު ނުކުތް ދުވަސްވަރުގެ ތާރީޚީ ވާހަކައެވެ. ފަހެ، ދަންނާށެވެ! ތެދުމައުލޫމާތު ފެތުރުމަކީ، ހުޅުވިފައި އޮންނަންޖެހޭނެ ހައްގެއްކަން ދިވެހި ރާއްޖޭގައި ފުތަމަ ސާބިތުކޮށްދިނީ ސަންދާނެވެ. ޚާއްސަކޮށް ބިމުއަޑީގައި ސަންދާނު ކުޅުނު މުހިންމުރޯލަކީ، ދިވެހިންގެ އިހްސާސްތައް ކައްކުވާލި ހަރުދަނާ ނޫރެވެ. އަލަގަދަ އައްޔެކެވެ. ސަރުކާރު އޮފީސްތަކަކީ، ސަންދާނު ވިހަމުން، ދިރެމުންދިޔަ އަމާން ހާލިތަކެވެ. ސިއްރިއްޔާތުގައި ކުލަކޮށް ޕްރިންޓްވަމުން އެކަކު އަނެކަކަށް ސިއްރުން ބެހެމުންދިޔަ މުއައްސަސާތަކެވެ. ވަރުގަދަ މަރުކަޒުތަކެވެ. އަޅުގަނޑަށް ފާޅުކޮށް ދަންނަވަން އިނގެނީ، އަޅުގަނޑު އުޅުނު އޮފީސްކަމުގައިވާ މިނިސްޓްރީ އޮފް އެޓޮލްސްއާއި އެދާއިރާގެ އޮފީސްތަކުގައި ސަންދާނު ކުޅެމުން ގެންދިޔަ އަސަރުން ފުރިފައިވާ ރޯލެވެ. މިއަދު ސަންދާނު މިފެންނަގޮތަށް ސަރުކާރުގެ ކަމާބެހޭ ފަރާތުގައި ރަޖިސްޓްރީވެގެން އެސަންދާނުގެ ނަމުގައި ނެރެވެމުންދާއިރު، ފެންނަގޮތަށް އެމަސައްކަތުގައި ހީވާގިކަމާއެކު ހަރަކާތްތެރި ވަމުން ގެންދަވާ ހުރިހާކުދިންނަށް ހިތުގެއަޑިން ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަމެވެ. މިއުފާވެރި ފުރުސަތުގައި ސަންދާނު އަހަންމައިދީއާއި ސަންދާނު ޒަކީއާއި ބޭރުދައުލަތެއްގެ ހިމާޔަތުގައި އަދިވެސް ހުންނެވި، ސަންދާނު އިބްރާހީމަށް ޝުކުރުވެރިވެ، އެތިންމީހުންގެނަން ރަންއަކުރުން ސަންދާނުގައި ހާމަކޮށް، މުޅިދިވެހި އުންމަތަށް އެތިންމީހުން އެކޮށްދިން ލާމަސީލު ޚިދުތަތުގެ އަގުވަޒަން ކުރުމަށް ގޮވާލަމެވެ. އެއީ އެކުވެރި ދައުލަތްތަކުގެ ޖަމާއަތުން އެއްބަސްވެ ގޮވާލާ، ފްރީޑަމް އޮފް އިންފޯރމޭޝަނަށް އެބޭފުޅުން ކޮށްދެއްވި ވަރަށް އަގުހުރި ގައުމީ، އަދި ބައިނަލްއަގްވާމީ ފެންވަރުގެ ޚިދުމަތެކެވެ. އަޅުގަނޑަކީ، ސަންދާނު ބިމުއަޑީގައި ނުކުތް ދުވަސްވަރު އެޑިޓޯރިއަލް ލިޔެދިން މީހާއެވެ. ފަހެ ރާއްޖޭގައި ތިއްބެވި، ދިވެހިތާރީޚުގެ އުސްތާޒުންތަކެއް މިކަމުގައި އެނގިތިއްބަވައި ގެންނާއި ނޭނގި ތިއްބަވައިގެން އަޅުގަނޑަށް މައުލޫމާތު ދެއްވުމުގައި ވެދެއްވިބުރަ މަސައްކަތަށް މިފުރުސަތުގައި އަޅުގަނޑުގެ، ހިތުގެއަޑިން ވަރަށް އިޚްލާސްތެރި ޝުކުރެއް ދަންނަވަން ޖެހެއެވެ. މީގެތެރެއިން އެއްބޭފުޅަކީ، އަޅުގަނޑުގޮސް ބައްދަލުކޮށް ދަންނަވާލި ކޮންމެވަގުތެއްގައި ވަރަށް އަވަސްކޮށް އެބޭފުޅާގެ ސިކުނޑީގެ މައުލޫމާތު ޚަޒާނާ، އަޅުގަނޑަށް ހުޅުވާލައްވާ ބޭފުޅެކެވެ. މިވަރަށް ތިލަކޮށްލުމުން އެބޭފުޅާއަށް މިދަންނަވަނީ އޭނާގެ ވާހަކަކަން އެނގި ލައްވާނެކަން ކަށަވަރެވެ. އެބޭފުޅާ އަދިވެސް ދުނިޔޭގައި އެބަހުންނެވިއެވެ. ﷲ ހެޔޮ ރަހްމަތް ލައްވާށިއެވެ. އާމީން! ތިޔަފަޚުރުވެރި އުސްތާޒަށް ޝުކުރުވެރި ވަމެވެ. ބިމުއަޑީގައި ނެރެވުނު އަދަދުތަކާއި އޭގެފަހުން ނެރެވުނު 100 ސަންދާނަށް އެންމެގިނައިން ލިޔުނު އެކަކަށް އަޅުގަނޑުވާނެ ކަމާމެދު ޝައްކެއް ނެތެވެ. އެހެނަސް މިފުރުސަތުގައި އަޅުގަނޑުގެ އެންމެ މަޒްމޫނެއް 2007 އޯގަސްޓް މެދެއްހާތާގައި ސަންދާނުގައި ނުޖެހި ދިޔައެވެ. އެހެންދިމާވީ މާބޮޑަށް އެދުވަސްވަރު ސަންދާނުގެ މެނޭޖްމަންޓުއޮތީ ސަންދާނު އުފެދުނު ރޫހާޚިލާފަށް ވަކިސިޔާސީ ޕާޓީއަކަށް ބުރަވެ، ލެނބިފައެވެ. ފަހެ، އެއީ އަދާލަތުޕާޓީން އިސްކޮށް އޮވެގެން އައިޑީޕީއާއި އެމްޑީޕީއާއި ނިއޫމޯލްޑިވްސް ޖަމާއަތާއި އޭރުއުފައްދަމުން ގެންދިޔަ އެސްއެލްޕީއާ ގުޅިގެން އުފެއްދި “ގައުމީއެއްބައި ވަންތަކަމުގެ ގުޅުން” ލަންކާގައި ބައްދަލުވެ ފުރަތަމަ ޖަލްސާ އައްޑޫގައި ބޭއްވުމާ ގުޅިގެން އަޅުގަނޑު ލިޔުނު “އިއްތިހާދު ހަރުދަނާކުރުން” މިމަޒްމޫނެވެ. އެގުޅުމުގެ ކަންތައް ނިމިދިޔައީ އެމަޒްމޫނުގައި އަޅުގަނޑު ސިފަކޮށްފައިވާ ގޮތަށެވެ. ފަހެ، އެމަޒުމޫނު ސަންދާނުގައި ޖަހައިނުދީގެން އިހްތިޖާޖު ކުރުމުގެ ގޮތުން ދެތިން އަދަދަކަށް ނުލިޔެވި ދިޔައެވެ.
ފަހެ، ދަންނާށެވެ! ރައީސް މައުމޫނުގެ ފަސާދަވެފައިވާ ސަރުކާރަށް އަށާރައަހަރު ވަންދެން ވަރަށް އިޚްލާސްތެރި ކަމާއެކު އަޅުގަނޑު ޚިދުމަތްކޮށްދިނީ، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައެވެ. އެއްގޮތަކަށް ވެސް ރައީސް މައުމޫނުގެ ޚާދިމެއްގެ ގޮތުގައެއް ނޫނެވެ. އަޅުގަނޑު ސަރުކާރުން ބޭރުކޮށް ލާފައިވަނީ، ވަރަށް ހުތުރުކޮށެވެ. އެއްވެސް އިންސާފެއްނެތި އަޅުގަނޑުގެ ފަރުދީ، އަދި އާއިލީ ހައްގުތަކަށް ބަލައިލުމެއް ނެތިއެވެ. 2004 ޖުލައި މަހުތެރޭގައި އެއްކުރެއްވި ބޮޑުމަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެމަޖިލީހަށް ރައީސަކު ހޮވުމަށް ނެގުނު ވޯޓުގައި ދިމާވި ގާނޫނީ މައްސަލައެއްގައި ޚިޔާލު ތަފާތުވެގެން އެކަންތައް މާނަކޮށް ސާފުކުރުމަށް ރާއްޖޭގެޝަރުއީ ކޯޓަށް އަޅުގަނޑާއި އިތުރު ދެމެންބަރުން ވެގެންވެއްދި މައްސަލައަކާ ގުޅިގެން އެޖަލްސާގެ ރިޔާސަތުގައި ވަގްތީގޮތުން އިންނެވި އޭރުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބްލް އަބްދުﷲ ހަމީދު، އަޅުގަނޑަކީ އޭނާގެދަށުގައި ހުރިމީހަކަށްވާތީ ކޯފާއިސް ކުރައްވައި ރައީސް މައުމޫނަށް ދަންނަވައިގެން އަޅުގަނޑަށް ނޯޓިސްދެއްވީއެވެ. ނޯޓިސްދެއްވި ތިންމަސްދުވަހުގެ މުއްދަތު ހަމަވަންދެން ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބެހެއްޓުމަށްފަހު، ސަރުކާރުން ވަކިކޮށް ކަނޑާލި ކަމުގެޗިޓް ޖަލުގައި ހުއްޓާފޮނުވިއެވެ. މިއީ ނަފްސާނީގޮތުން އިންސާނާ ބަލިކޮށްލުމުގެ ބޭނުމުގައި ކުރާކަމެކެވެ. ކަނޑާލުމުގެ ކުރިން އެޓޮލްސް މިނިސްޓްރީ ތެރޭގައި އެގޮތްމިގޮތަށް އަޅުގަނޑު ފަލީހަތްކޮށް ޒަލީލުކުރުމަށް ގަދައަޅައި، ހަމީދު މަސައްކަތް ކުރެއްވިއެވެ. އެހެނަސް އެކަން އެގޮތަށްނުވީ، އަޅުގަނޑުގެ ތަބީއަތާއި މިޒާޖު ހުންނަގޮތުން މިނިސްޓްރީގެ މުވައްޒަފުން އަޅުގަނޑަށް ބެހެއްޓި އިހްތިރާމަކާއި ދެއްވި ހަމްދަރުދީ އަކުންނެވެ. ހަމީދު ހީފުޅުކުރެއްވީ، އެހެން ހަދާލުމުން މީހުންފޫހިވެ އަޅާނުލާއި އެއްޗެހިކިޔަން ފެށީމައި އަމިއްލައަށް އެހެންތާކަށް ބަދަލުވެ، ނުވަތަ ސަރުކާރުން ވަކިވެދާނެ ކަމަށެވެ. މިއީ މިނިސްޓްރީ ތަރޭގައި އަޅުގަނޑު ޒަލީލުކުރުމަށް، ހަމީދު ބޭނުންފުޅު ވެލެއްވި ގޮތެވެ. ފަހެ، އަޅުގަނޑުދެކެ ކޯފާވެ ރުޅިއިސް ކުރައްވަނީ އަޅުގަނޑަކީ، ދިވެހި ރާއްޖޭގެ ރިފޯމްހަރަކާތުގައި ފެށުނީސްސުރެ ބައިވެރިވާމީހަކަށް ވާތީއެވެ. މިނިވަންކަމަށް ގޮވާލާމީހަކަށް ވާތީއެވެ. މިނިސްޓްރީގެ އެކިސެކްޝަން ތަކަށް އެކިނަންނަމުގައި ބަދަލުކޮށް ދަމާހެދިއެވެ. އެކިކަހަލަ ތުހުމަތުތައް އުފައްދައި އަޅުގަނޑުގެ ބޮލުގައި އެޅުވޭތޯ މަސައްކަތް ކުރެއްވިއެވެ. ޅ.މާފިލާފުށީ ޕްރޮޖެކްޓުގައި ގެންގުޅުނު ބޯޓެއް ޖޫރިމަނާވެ ބޮޑުއަދަދަކަށް ފައިސާ އަރާފައި އޮތުމުން އަޅުގަނޑުގެ ބޮލުގައި އެއިހްމާލު އެޅުވުމުގެ މައްސަލައެއް ސިފައިންގެއަށް ވެއްދިކަން ފުލުހުން ގުޅަފައި އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ. އަދި މީގެއިތުރުން އެހެނިހެން އުދަގޫތައްވެސް ކޮށްހެދިއެވެ. ދެންފަހެ، އަޅުގަނޑު ރޭގަނޑުގެ ނިދީގައި އޮއްވާ ތަކުރާރުކޮށް ހަތަރުރޭ ވަންދެން މިނިސްޓްރީ އޮފް އެޓޮލްސްގައި ހުންނަ އަޅުގަނޑުގެ ރަސްމީ މޭޒުމަތީގައި ހުންނަފޯނަށް އެކިގޮތްގޮތަށް މައްސަލަޖެހިގެން އުޅެނިކޮށް ހުވަފެނުން ފެންނަން ފަށައިފިއެވެ. އަދި ފޯނުވަގަށް ނަގައިގެން އުޅެނިކޮށް ފަހުރޭ ފެނުމާގުޅިގެން، އަޅުގަނޑުގެ ދަށުން އޭރުމަސައްކަތް ކުރެއްވި މއ.ހައިވަކަރުގެ އަލްފާޟިލް މަހުދީ އަހްމަދު ލައްވައި އަނެއްދުވަހު ހެދުނު އޮފީހަށްގޮސް ފޯނުޗެކުކޮށް ބެލިއިރު، އެއްއިންޗިއަށްވުރެ ކުޑަތަންކޮޅެއްބޮޑު، ކުޑަކުޑަޓްރާންސް މީޓަރެއް އަޅުގަނޑުގެ ފޯނުނަރުގެ އެއްނަރުބުރި ކޮށްލައި އެދެކޮޅުގައި އެޓްރާންސްމީޓަރުގައި އިން ދެވާކޮޅުގައި ހަރުކޮއްފައިއިން ދެދަތި ތިއްބައި ހަރުކޮށް، ކޭސިންގަނޑުތެރެއަށް އެޓްރާންސް މީޓަރުލުމަށްފަހު މަތިޖަހާފައި ހުއްޓާފެނިއްޖެއެވެ. ދެންފަހެ، ހަމައެދުވަހު އެމައްސަލަ ސީދާ ރައީސް މައުމޫނުގެ އަރިހުގައި އަޅުގަނޑު، ލިޔުމަކުން ދެންނެވުމުން ޖީވަނެއްގެ ގޮތުގައި އޭރުއެންމެ އަރިސްކޮށް ހުންނެވި އޮންރަބްލް އަބްދުﷲ ޝާހިދު އަޅުގަނޑަށް ފޯނުން ގުޅުއްވައި އެކަމާ ރައީސުލް ޖުމްހޫރިއްޔާ ހިތާމަ ކުރައްވާކަމަށާއި މިނިސްޓްރީ އޮފް ޑިފެންސުން އެމައްސަލަ ބަލަން ފެންނަކަމަށް ވިދާޅުވިކަމަށް އަޅުގަނޑަށް ވިދާޅުވެދެއްވިއެވެ. އެއީ އަޅުގަނޑު ވަޒީފާއަދާކުރާ ރަސްމީ އޮފީސްތެރޭގައި ހިނގާފައިވާ ކަމަކަށްވާތީއެވެ. އަދި އެންމެ ރަނގަޅުވާނީ މިގޮތަށް ހަމަޖެއްސުން ކަމުގައި ވިދާޅުވިއެވެ. ރައީސް އޮފީހުން އެޓޮލްސްއަށް އަންގަވައިގެން އޭރު އެމިނިސްޓްރީގައި އުޅުއްވި، ވައިޖެހޭ އަލްފާޟިލް އިސްމާއީލް ރަޝީދު ލައްވާ އެމައްސަލަ ޑިފެންސަށް ލިޔުއްވީ، އެކަން އަޅުގަނޑަށް އަންގާފައެވެ. އޭގެއެއްދުވަސް ފަހުން އަޅުގަނޑު ޑިފެންސަށް ހާޒިރުކޮށް، އަލްފާޟިލް ލޭޑީއިބްރާހީމް މަނިކު ލައްވައި އަޅުގަނޑުގެ ބަޔާނެއް ނަގުވާފައި އެޓްރާންސްމީޓަރު އަޅުގަނޑު އަތުން ނުރުހުމުގައި ގަދަކަމުން އަތުލީއެވެ. އަލުގަނޑު އަތުގައި އޭތިއޮތް މަދުވަގުތު ކޮޅުގައި އޭގެފޮޓޯއެއް އަޅުގަނޑުނެގީމެވެ. އަދި އޭގެބޭނުން އެހަރުކުރި ބަޔަކު ހިފަމުންދިޔަގޮތް އޮޅުން ފިލުވުމަށް ކަމާބެހޭ އެކްސްޕާޓެއް ލައްވައި ބަލާތަޖުރިބާ ކުރީމެވެ. މާފަންނުގައި އޭތި ހަރުކޮށްފައި އިނިއްޔާ ހެންވޭރުގައި ހުރެގެން އެމީހެއްގެފޯނު އޭތިމެދުވެރިކޮށް އެފްއެމް ރޭޑިޔޯއެއްގެ ޒަރީއާއިން އަޑުއެހެއެވެ. އަދި ބޭނުމިއްޔާ ރެކޯޑުކުރެވެއެވެ. އިންޓަރނެޓުން ބެލިއިރު އޭރުއޭގެ އަގަކީ 300 ޔޫއެސްޑޮލަރެވެ. ލަފާކުރެވެނީ ހަމީދަށް އަޅުގަނޑުގެ ޖާސޫސުކޮށް ދިނުމަށް ހަމީދުގެ އައުވާނުންގެ ތެރެއިންބަޔަކު މިނިސްޓްރީ ތެރެއިން ކޮއްގެން އުޅުނު ނުލަފާ ކަމެއްހެނެވެ. ސިފައިން ހިންގި ޖާސޫސީ އަމަލެއްކަމަކަށް އެއްގޮތަކަށްވެސް ނުބެލެވެއެވެ. ދެންފަހެ، އެހިސާބުން ޑިފެންސް މިނިސްޓްރީން އެމައްސަލަ އޮއްބާލީއެވެ. ފަހުންދުވަހެއްގައި އަޅުގަނޑު ލޭޑީއިބްރާހީމް މަނިކުކާރީން ސުވާލުކޮށްލުމުން ވިދާޅުވީ، އެޓޮލްސްގެ އިސްވެރިއެއްލައްވާ އެކަމާގުޅިގެން ބަޔާނެއް ނެގީމެވެ. ދެންވީގޮތެއް ނޭގުނެވެ. ބަޔާންނެގި މީހަކީ، އޮޓޮލްސްގައި އުޅުއްވާ އަދި މިހާރު ސިޔާސީޕާޓީއެއް ކަމުގައިވާ ދިވެހިރާއްޖެއިން ފަގީރުކަން ނައްތާލުމަށް މަސައްކަތްކުރާ ޕާޓީ އުފެއްދެވުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބ.އަތޮޅު އޭދަފުށީ އަލްފާޟިލް އަހްމަދު ސަލީމެވެ. ފަހެ، އެދުވަސްވަރަކީ، އަޅުގަނޑު ސިޔާސީޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދިޔަ ދުވަސްވަރެކެވެ. އެއީ “ޕީޕަލްސް ޑިމޮކްރަޓިކް ޕާޓީ” ނަމުގައި ރާއްޖޭގައި މުޅިންއަލަށް ސިޔާސީޕާޓީއެއް އުފެއްދުމަށް ކުރެވުނު މަސައްކަތެކެވެ. އަލްމަރުހޫމް ކަޅުހުރާގޭ މުހަންމަދު ލަތީފާއި އަލްފާޟިލް މުހަންމަދު ނަޝީދު އަންނިއާއެކު އެމަސައްކަތުގައި ތިންވަނަމީހަކަށް އިދާރީގޮތުން ހަރަކާތްތެރި ވަމުންގެންދިޔަ މީހަކީ ސީދާ އަޅުގަނޑެވެ. މިޕާޓީގެ ޚިޔާލުގެނެވުނީ، 1994 ޖުލައި 20 ވަނަ ދުވަހުއޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާގައި އަޅުގަނޑުމެން ތިންމީހުން އެޖަލްސާ އަޑުއަހަން ގޮސްތިއްބައި ރ.އަތޮޅުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް އަލީމޫސާދީދީ ސިޔާސީޕާޓީއެއް އުފެއްދުމުގެ މިނިވަންކަމާ ބެހޭގޮތުން ވާހަކަދައްކަވައި އެގޮތަށް އިސްލާހެއް ހުށަހެޅުއް ވުމުންނެވެ. ބަހުސް ކުރެވެމުން ދިޔައީ ކުލަބު، ޖަމުއިއްޔާ، ޕާޓީތަކާބެހޭ މާއްދާއަށެވެ. ފަހެ، އެއިސްލާހަށް ތާއީދުވެސް ލިބުނެވެ. އެހެނަސް ރިޔާސަތުގައި އިންނެވި، ހަމީދު އެއިސްލާހަށް ވޯޓަށް ނާއްސަވައި އެއިސްލާހު ތަޅުމުން ބޭރުކޮށްލެއްވީ ވަރަށް ހުތުރުކޮށެވެ. މިއީ މަޝްހޫރު 17 އަހަރުން އިސްލާހު ކުރި ރައީސް މައުމޫނުގެ “ބޮޑުއަސާސީ” އުފެއްދި ދުވަސްވަރުގެ ވާހަކަތަކެވެ. 1994 އޮކްޓޯބަރ 10 ގައި މިވާހަކަ ރައީސް މައުމޫނަށް އަޅުގަނޑު ސިޓީއަކުން ދެންނެވުމުން ޖަވާބު ދެއްވީ، “ސިޔާސީޕާޓީ ރަޖިސްޓްރީ ކޮށްދިނުމަކީ، އަލަށްފަށަންޖެހޭ ކަމަކަށްވާތީ، ސަރުކާރުން އެކަންނިންމާނީ، ބަލަންޖެހޭ ހުރިހާކަމަކަށް ބެލުމަށްފަހު، ގައުމަށް އެންމެ ފައިދާހުރި ގޮތަކަށެވެ.” މިޖަވާބު ދެއްވީ އަމިއްލަ މީހުންނަށް ފޮނުވާސިޓީގެ ޖަވާބު ނަންބަރު: 94/2737-އޭ (22 އޮކްޓޯބަރ 1994) ކަރުދާހުންނެވެ. ދެންފަހެ، “ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ” އެމްޑީޕީ ވުޖޫދަށް ގެންނަން އަޅުގަނދުމެން އުޅުނީ މީގެމާފަހުން، 2001 ވަނައަހަރު ތަރޭގައެވެ. ޕާޓީ އުފެއްދުމަށް އެދޭފޯމާއެކު، 42 މީހުން ސޮއިކޮށް މުއައްސިސުންގެ ގޮތުގައި ފޮނުވި ލިސްޓުގެ ދެވަނައަށް އަޅުގަނޑުގެ ސޮއި އޮންނާނީ، އޮނަރަބްލް ގާސިމްއިބްރާހީމްގެ ސޮއިގެ ދަށުގައެވެ. 42 އަމިއްލަ ފަރާތެއްގެ މަސްއޫލުވެރި ކަމުގެދަށުން އޭރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ހައުސިން އެންޑް އެންވަޔަރަމަންޓްގައި ދެންނެވުނީ 2001 ފެބްރުއަރީ 28 ވަނަ ދުވަހުއެވެ. 42 މަސްއޫލުވެރި ފަރާތުގެ ކުށުގެ ރެކޯޑް ސާފުކޮށް ހުރިހާކަރުދާހެއް މިނިސްޓަރުގެ އަރިހަށް ހުށަހެޅުނީ، 2001 މާރޗް 19 ވަނަ ދުވަހުއެވެ. މިއީ މިގައުމުގައި ސިޔާސީޕާޓީގެ ފެށުން ހިނގިގޮތެވެ. ފަހެ މިނިސްޓްރީ އޮފް އެޓޮލްސް ތެރޭގައި ޖާސޫސުކުރުމުގެ މިކަންތައްގަނޑު ހިންގުނީ ސިޔާސީޕާޓީއެއްގެ މަސައްކަތުގައި ސީދާކޮށް އަޅުގަނޑު ހަރަކާތްތެރިވެ އުޅޭތީއެވެ. ސިޔާސީކޮންމެ ކަމަކާގުޅިގެން އެދުވަސްވަރު އެންމެކުރިން ގެންގޮސް ކުޑަގޮޅިއަށްލައި ބިޑިއަޅުވަނީ އަޅުގަނޑެވެ.
ފަހެ، ދަންނާށެވެ! ހައްގުބަސްބުނެ ހައްގުގޮތުގައި ދެމިތިބޭނެ ބަޔަކު އަބަދުވެސް ދުނިޔެމަތީގައި ދިރިތިބޭނެއެވެ. ގިޔާމަތްދުވަހައި ޖެހެންދެން އެފަދަ އަގީދާވަރުގަދަ ބަޔަކު ތިބޭނެއެވެ. އެއީ ޖައްބާރު ޚުދުމުޚްތާރު ވެރިންނަށް، އެކުގައި ނައްތާލެވޭނެ ބަޔެއްނޫނެވެ. އެމުގައްދަސް މަސައްކަތް ކަރުދާސްކޮށް، ގަލަންކުރެވޭނީ ސަންދާނުފަދަ މަޖައްލާ ތަކުންނެވެ. ހައްގުގޮތުގައި ﷲގެ މަގުގައި ޖިހާދު ކުރާނެ މީހުން އަބަދުވެސް ތިބޭނެއެވެ. ދެންފަހެ، 1988 ނޮވެންބަރ 03 ވީބުރާސްފަތި ދުވަހު މަލޭގައި ހިނގި ދިވެހިން ސިއްސުވާލީ ހަމަލާއަކީ، ވަރަށްގާތުން އަޅުގަނޑު ދިރާސާކުރި، މިސަރަހައްދުގެ ގައުމުތަކާ ގުޅިފައިވާ މުހިންމު ހާދިސާއެކެވެ. އެންމެހޫނު ގަދަކޮށް އެހަމަލާ ހިނގަންފެށުމުގެ ބާރުގަދަ އަޑުފައްގަނޑަށް އަޅުގަނޑަށް ހޭލެވުމާއެކު ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން މާފަންނު ޖަވާހިރުވާދީން މަގުމައްޗަށް، އޯކިޑުމަގަށް ނުކުމެ ބަލައިލިއިރު އެންމެފުރަތަމަ ފެނުނީ އޮނަރަބްލް އަންބަރީ އަބްދުއްސައްތާރު މުންޑެއްގައި ހުންނަވައިގެން އޯކިޑްމަގުން ހުޅަގުންއިރަށް ފައިމަގުގައި ހިންގަވާފައި ފައިފުހޭ މިސްކިތާއި އަލިވާގެ ހުންނަ ގޯޅިއާދިމާއަށް އުނިމާގެއިން ނުކުންނަވައިގެން ވަޑައިގަންނަވާ ތަނެވެ. އަޅުގަނޑު ސަލާންގޮވާލީމެވެ. ހީވަނީ ރައީސްމައުމޫނުގެ ހާލުބައްލަވާ ލައްވަން އެދިމާއަށް ވަޑައިގަންނަވަނީ ހެންނެވެ. އެދުވަސްވަރަކީ، އަލުގަނޑު ލޮނުޒިޔާރަތްކޮޅަށް ފަތިހު ކަސްރަތަށް ނިކުންނަ ދުވަސް ވަރަކަށްވާތީ، ކަސްރަތައް ނުކުންނަ ހެދުމުގައި އެކަމާގުޅޭ ބެކްޕެކެއް ބުރަކަށީގައި އަޅުވައިގެން، ދެން އަޅުގަނޑު އަވަސްވެގަތީ ހިނގަމުން މިދާހަމަލާގެ ހަގީގަތް ދެނެގަތުމަށެވެ. ވާނުވާއެއް އޮޅުން ފިލުވުމަށެވެ. ބައިސްކަލުގައި އޯކިޑުމަގުން އިރަށްގޮސް އަމީރުއަހްމަދު މަގުފެށޭ ހިސާބުން ޗާނދަނީމަގަށް ކަނާއަތަށް އަޅައިގެން ދެކުނަށްގޮސް ދިރާގުމައިއޮފީސް ކުރިމައްޗަށް ވާގޮތަށް އިރަށްވާއަތަށް ލަބާލަން ބަލައިލިއިރު، ސަލްޓަން ޕަކުކުރިމަތީ ބުރަށްވުރެ މިކޮޅުގައި އިސްލާމީމަރުކަޒުގެ އެމަގަށް ހުންނަދޮރަށް ވުރެވެސް ދިރާގާވީކޮޅަށް ރަތްކުލައިގެ އެއްސިގުނަލް ދިރާގު ކުރިމަތީގައި އަނެއްސިގްނަލް ތަންކޮޅެއް ދުރުގައި، ހުއްޓައި ފެނުނެވެ. މިކުޑަކުޑަ ދެސިގްނަލް ބައްތި، މަގުމެދުގައި ބަހައްޓާފައި ހުރުމުން ކުރިޔަށްދާން ނުކެރިގެން ހުރިގޮތަށް ފަހަތަށް އަނބުރާލާފައި އައިސް ވަދެވޭތޯބެލީ އަލްމަރްހޫމް ޑޮކްޓަރ އަހަންމައިދީދީގެ ގެކަމުގައިވާ މާފަންނު ފޭމަންސްއަށެވެ. އެހެނަސް އެގެތަޅުލާފައި ހުރުމުން ވަދެވޭގޮތެއް ނުވިއެވެ. ދެން ދުއްވާފައިގޮސް ބަންޑާރަމިސްކިތާ ދިމާއިން އޯކިޑްމަގަށް ވާއަތަށް ލަބާލަން ހިފިތަނާ، ސޯޓުބުރިއެއްލައި ގޮޅިޖެހި ފެހިކުލައިގެ ގަމީހުގައި އޭކޭފޯޓީސެވަން މަރުކާގެބަޑި ހިފައިގެން ފާމުދޭރިގޭ ކަންމަތީ ފާރުބުޑުގައި ތިބިދެމީހަކު އަޅުގަނޑު ހުއްޓުވައި ކުރިޔަށް ނުދިއުމަށް ބަޑިން އިޝާރާތްކޮށް އެންގިއެވެ. އިނގިރޭސި ބަހުން އަޅުގަނޑުމިދަނީ އަމިއްލަގެއަށް ކަމަށްބުނުމުން އަވަހަށް ދާށޭބުނެ އަތުން ކުރިޔަށް އިޝާރާތްކޮށް ބުރަކަށީގައި އަޅާކޮށްޕާލި އެވެ. މިހިސާބުން މިމީހުންނަކީ ރިޔާސީ ގަނޑުވަރަށް ހަމަލާދެމުން ގެންދިޔަ މީހުންގެތެރެއިން ދެމީހަކުކަން ޔަގީންވިއެވެ. އަދި ބިދޭސީ ބައެއްކަން އެނގުނެވެ. ދެން އަވަހަށް އޯކިޑްމަގުން ހުޅަގަށް އައިސް ޖަވާހިރުވާދީއަށް ވަދެ، އެމެރިކާގައި އޭރުހުރި އަޅުގަނގެ ތިމާގެމީހަކަށް ގުޅާފައި މިވާހަކަ ޔޫއެން މައިމަރުކަޒު ގައި ހުންނަދިވެހި މިޝަނަށް އެންގުން ބުއްދިވެރިވާނެ ކަމަށް މަޝްވަރާ ކުރުމަށްފަހު ފޯނުކަނޑާލީ، އެނާއަށް ބަޑީގެ އަޑުފަށްގަނޑު ފޯނުން އިއްވާފައެވެ. ދެންހަމަ އެވަގުތު ޔޫނެންގައި އޭރުހުންނެވި، ސިއްކަގޭ އަލްމަރްހޫމް ހުސައިން މަނިކުފާނަށް، އޭނާގުޅުއްވައި މިވާހަކަ ހޫނުކޮށްހުއްޓައި ދެންނެވީއެވެ. ވީމާ މިޚަބަރު އެންމެ ފުރަތަމަ ތާޒާކަމާއެކު ނިއޫޔޯކްގައި ހުންނަ ދިވެހިމިޝަނަށް ބޭރުކުރިމީހަކީ ސީދާ އަޅުގަނޑެވެ. އެހެނަސް މަނިކުފާނު މާލެވަޑައިގެން ދިވެހިނޫސްތަކަށް އިންޓަރވިއޫ ދެއްވަމުން ވިދާޅުވެފައިވަނީ، އޭނާއަށް މިޚަބަރުދިނީ ވަރަށްއަވަހަށް ވަރަށްހޫނުކޮށް ހުއްޓައި ރާއްޖެއަށް އެވަގުއައިސް އުޅުނު ގެސްޓަކު އޭނާގެތިމާގެ އެމެރިކާމީހަކަށް ގުޅާފައި ބުނުމުން އެމީހާއޭނަޔާ ގުޅާފައި ބުނެގެން ކަމަށެވެ. މިކަމާގުޅިގެން މަނިކުފާނައި ބައްދަލުކޮށް، އަޅުގަނޑު ސުވާލުކުރުމުން މަނިކުފާނު ވިދާޅުވީ، ސިޔާސީގޮތުން ބުނަންޖެހޭނީ އެގޮތަށް ކަމަށްވާތި ނޫވެރިން ކައިރީގައި އެހެންބުނެލީ ކަމަށެވެ. އިލްޔާސެވެ! އެހުންނަނީ މާބޮޑެތިކަންތަކެއް ނޫނެވެ. މަނިކުފާނު އުޅުއްވީ އަޅުގަނޑު ރުއްސާށެވެ. ފަހެ، ދަންނާށެވެ! މިއީ މަތިހަށި ނަގާފައި އިސްކޮށްއުޅޭ ބޮޑެތިމީހުންގެ ފެންވަރެވެ. އަޅުގަނޑު 3 ނޮވެންބަރުގެ ހަމަލާއާބެހޭގޮތުން، އަޅުގަނޑުގެ އަމިއްލަ މަޖައްލާއެއް ކަމުގައިވާ “މަންތިރި” މަޖައްލާގެ ފުރަތަމަ އަދަދުގައި ލިޔުނު މަޒްމޫނު، ސަންދާނު 30 ވަނަ އަދަދުގެ 9 ވަނަސޮފްހާގައި ޝާއިއުކޮށްފައި އޮންނާނެއެވެ. ހޯއްދަވައިގެން ވިދާޅުވާށެވެ. ސުރުޚީއަކީ، “3 ނޮވެންބަރު 1988ގެ ހަމަލާ މިހާރުމިއޮތްގޮތަށް ތާރީޚަށްވަދެ ނިމޭނީތޯއެވެ؟) ހަގީގަތުގައި މިއީ ބޭރުގެ އުދުވާނަކަށްވުރެ އެތެރޭގެ ސިޔާސީ ހަމަލާއެކެވެ. ފުރިހަމަ ސިޔާސީ ކުޅިގަނޑެކެވެ. ވެރިކަމުގައި ތިބިމީހުންގެ އަޑިނޭނގޭ ގޮތަށްއޮތް ބޮޑުރޭވުން ގަނޑެކެވެ. މިމަޒުމޫނު ލިޔެގެން އަޅުގަނޑު ހަމަސްދުވަހަށް ޖަލަށްލިއެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ވަރަށްއަނިޔާ ކުރިއެވެ. ފަހެ، މާލޭގެ ސިފައިންގެ މަރްކަޒު ވަށައިގެންހުރި، މަގުތަކުގައި މަރުވިގިނަ މީހުން މަރުވެފައިވަނީ، ސިފައިންގެ މަރުކަޒުތެރެއިން ގޮތެއްފޮތެއް ނުބަލައި ބިމަށާއިފަޒާއަށް ބުރުއްސަމުން ގެންދިޔަ ވާރޭފަދަ ވަޒަންތަކުންނެވެ. ބަޑިގުދަނުގެ ތަޅުދަނޑިފަތި ކިނބިގަސް ދޮށުގެއިން ނެރެގެން ގެންގޮސް މަރުކަޒުތެރެއަށް ހެންވޭރު އެސްޖެހިގޭ ތެރެއިން އެއްލާލުމުން ފެށިގެން އެބުރުއްސަންފެށި ވަޒަންތައް މައިތިރިވީ، އެކަމާއުޅުނު ކުދިންވަރުބަލިވެ ވާތާވުމުންނެވެ. އެއްބައި ކުދިންގެ އަތުގެ ބޮޑުވައި އިނގިލީގެ ނިޔަފަތިގަނޑަށް މެގެޒީނަށް ވަޒަންއެޅުމުގެ ތެރޭގައި ލޭއަރާހަލާކު ވުމުންނެވެ. ދެންފަހެ، އެމްވީ ޕްރޮގުރެސް ލައިޓުތެރޭގައި ގަތުލުވެ ޝަހީދުވެދިޔަ ގިނަމީހުން ޝަހީދުވެދިޔައީ ދިވެހި ސިފައިން އިންޑިޔާގެ މަނަވަރު ގޯދާވަރީގައި ތިބެގެން ދެމުންގެންދިޔަ އަނިޔާވެރި އިންސާނިއްޔަތާ ޚިލާފު އުދުވާނީ ހަމަލާތަކުންނެވެ. މަތިން ހެލިކޮޕްޓަރުގައި ހަމަލާދިނެވެ. ދިވެހިންގެ މައުސޫމު ފުރާނަތަކަށް ވަށަމިނުން 6 އިންޗި 4 އިންޗީގެ ބޮޑެތިވަޒަންތައް ބަލަބަލާތިއްބާ ފޮނުވުނެވެ. މިއީ ސީދާ މަރުވިޔަސް ހެޔޮކަމަށް ރާވައިގެން ދެވުނު އުދުވާނެކެވެ. ޕްރޮގުރެސްލައިޓް ބޯޓުފައްތާލަން ހުއްދަހޯދީ އޮނަރަބްލް ކޮލިއަލިމަނިކު އަށްގުޅައި އޭނާގެ އަރިހުންކަމަށް ވެއެވެ. މައުސޫމް ދިވެހި ރަހީނުންގެ ކަރާމާތްތެރި، ހުރުމަތްތެރި ވެގެންވާ ހަށިތަކަށް ބަޑިޖެހުމުގެ އަމުރުނެރުއްވި ފަރާތެއްވެސް ހުންނާނެއެވެ. ފަހެ، އެކަން ރައްޔިތުންގެ މަޖިލީހުން ނަމަވެސް ނުވަތަ ދައުލަތުގެ އެހެންބާރަކުން ނަމަވެސް ބަލާއި ތަހުގީގުކުރެވިފައި އޮންނަން ޖެހޭނެއެވެ. ބޮޑުފެންވަޅުގޭ އޮނަރަބްލް އަހްމަދު މުޖްތަބާއަށާއި ބޯގަންވިލާ އަލްއުސްތާޒު އިސްމާއީލް ނަސީރަށް މިކަންތައްގަނޑު ހިނގާދިޔަގޮތް ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. ހުންނާނީ އަމިއްލައަށް އިހްސާސް ކުރެއްވިފައެވެ. ރަހީނުންގެ ފަރާތުން އިސްކޮށް ވާހަކަދެއްކެވީ މުޖްތަބާއެވެ. ފަހެ، ރާއްޖޭގެ ހައިކޯޓުގައި މިހަމަލާގެ ޝަރީއަތް ހިނގަމުން ދިޔައިރު ޚާއްސަހުއްދަ އެއްގެދަށުން އަޅުގަނޑު ގަވާއިދުން އެޝަރީއަތްތައް އަޑުއަހަމުން ގެންދިޔައިމެވެ. އަޅުގަނޑު އަތުގައިހުރި އެކަމާގުޅޭ ނޯޓްސް ސިފައިން އަޅުގަނޑުގެ ގެ ފާސްކުރި ފަހަރެއްގައި، އަންހެނުން ގާތުގައި އަނބުރާ ދޭނަމޭބުނެ ދޮގުހެދުމަށްފަހު ވަނީ ވަގަށް ގެންގޮސްފައެވެ. ގެފާސްކުރީ އަޅުގަނޑު ކުޑަގޮޅީގައި ބަހައްޓައި ގެންނެވެ. އަދި އެކަމާ އަބްދުއްޝަކޫރު އަޅުގަނޑާ ސުވާލު ކުރެއްވިއެވެ. އެހާޝައުގު ވެރިކަމާއެކު އަލްފާޟިލް ކަރޯއައްބާސްމެން ހައިކޯޓުގައި ދައްކާފައި ހުރިވާހަކަތައް ލިޔެގެން ތިޔަގެންގުޅެނީ ކީއްކުރަންހެއްޔެވެ؟ އަދި އަޅުގަނޑު ލިޔެފައިހުރި ބައެއްލިޔުމާއި އެއްކޮށްފައިހުރި ބައެއްލިޔުންތަކާއި މަންތިރިއާއި ސަންދާނާއި ސަންގުގެބައެއް މަޖައްލާތައް ވެސްވަނީ ގެންގޮސް، އަނބުރާ ނުދީފައެވެ. އަދިވެސްވަނީ ލިބޭނެގޮތެއް ނުވެފައެވެ. ފަހެ، ހައިކޯޓުގައި ގިނަ ދުވަސްތަކެއް ވަންދެންހިނގި ޝަރީއަތް ނިމުމާއެކު، މެރުމަށް ހުކުމްއިއްވި ދިވެހިންގެ ހުކުމްތައް މަރުގެހުކުމުން ލުއިކޮށް ދެއްވުންއެދި ރައީސް މައުމޫނަށް ސިޓީއަކުން އަޅުގަނޑު ދެންނެވީމެވެ. އަދި އެމީހުން ދޫކޮށްލަ ދެއްވުން އެދިވެސް ފަހުން، ދެތިން ފަހަރެއްގެ މަތީން ރައީސް މައުމޫނަށް އަޅުގަނޑު ދެންނެވީމެވެ. އިލްތިމާސް ކުރީމެވެ. އަދި މިފުރުސަތުގައި ވެސް އެހަމަލާގައި ބައިވެރިވި ހާޖަރާގޭ އަލްފާޟިލް އަބްދުﷲ ލުތުފީއާއި އަލްފާޟިލް ސަގަރުނާސިރު މިނިވަންކޮށް ދޫކޮށްލަދެއްވުން އެދި ރައީސްމައުމޫނު އަރިހުގައި ތަކުރާރުކޮށް ދަންނަވަމެވެ. ފަހެ، އެންމެ ހެޔޮމީހަކީ އަފޫކުރާމީހާއެވެ. އޭﷲ އެވެ! ސަންދާނު މަޖައްލާ ވަކިއަތަކަށް ބުރަނުވެ ހައްގުގޮތުގައި މިނިވަންކަމާއެކު މައުލޫމާތު ފެތުރުމުގެ ތެދުމަގުގައި ކުރިޔަށް ދިއުމުގެ ހެޔޮތައުފީގު ދެއްވާށިއެވެ! އާމީން!