އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ:2008 ޖޫން 07ގައި.)
2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިން، އާއަސާސީގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބު ބޭއްވިދާނެތޯއެވެ؟ މިއީ، މިދުވަސްވަރު ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުތެރޭގައި އުފެދޭވަރަށް ވަރުގަދަ ސުވާލެކެވެ. ދިވެހިންގެ ވިންދާއި ގައުމުގެ މުސްތަގުބަލައި ގުޅިފައިވާ ސުވާލެކެވެ. މިސުވާލުގެ ޖަވާބު އެކިއެކި ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އެކިޖަމާޢަތް ތަކުންނާއި އެކިއެކި ސިޔާސީ ފަރުދުން ލިބިގަންނަނީ، އެކިގޮތަށެވެ. އެކި ސިފަޔަށެވެ. ރިޔާސީ އިންތިޚާބު- 2008 ގެ އަމަލުތައް ބިނާވެފައި އޮތީ، އަލަށް ތަސްދީގު ކުރެވޭ ގާނޫނުއަސާސީގެ “އިންތިގާލީ ކަންތައްތަކާ ބެހޭބާބު” ގެ މައްޗަށެވެ. އެކިފަރާތް ތަކުންނާއި އެކިމީހުން މިކަމުގެ ގާނޫނީބިނާ ދަށްކަނީ އެކިގޮތަށެވެ. އެކި ސިފަޔަށެވެ. ފަހެ، އެންމެ ފުރަތަމަ ސުވާލަކީ، ރިޔާސީ އިންތިޚާބު- 2008 ގެ ބިނާ ފެނިގެންދާނީ، އާއަސާސީގެ ދަށުންތޯއެވެ؟ ނުވަތަ މިހާރުވެސް އަމަލުކުރާ 1997 ނޮވެންބަރ 27 ވީބުރާސްފަތި ދުވަހު ތަސްދީގު ކުރައްވައި، 1998 ޖެނުއަރީ 1 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ ސަތާރައަހަރުން އެކުލަވާލި މަޝްހޫރު ބޮޑުއަސާސީގެ ދަށުންތޯއެވެ؟ މިސުވާލުގެ ޖަވާބު ވަރަށް ސަރީހައެވެ. ސާފެވެ. އެއްވެސް އޮޅުމެއް ނެތެވެ. އެންމެހައި ދިވެހި ރައްޔިތުންނާއި މުޅި ބައިނަލްއަގްވާމީ ދުނިޔެ އިއްތިފާގު ވެފައިވަނީ، ދިވެހި ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބު- 2008، އަލަށް ތަސްދީގު ކުރެވޭ އަސާސީގެ މައްޗަށް ބިނާވެގެން ދާނެކަމަށެވެ. މިކަން މިގޮތަށް ނުވުމަށް މިހާރުގެ ފަސާދަވެފައިވާ ސަރުކާރުން މެދުވެރިކުރާނެ އެއްވެސް އުޒުރަކީ، ދިވެހި ރައްޔިތުންނާއި ބައިނަލް އަގްވާމީ ރައްޔިތުން ބަލައިގަންނާނެ ސަބަބެއް ނޫނެވެ. ހުއްޖަތެއް ނޫނެވެ. ގަބޫލުކުރާނެ އުޒުރެއް ނޫނެވެ. ވީއިރު އާއަސާސީގެ މަތީގައި ނޫން ގޮތަކަށް މިއިންތިޚާބު ހިންގައިގެނެއް ނުވާނެއެވެ. ފަހެ، ބިރުގަންނަން ޖެހެނީ، ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ސީދާކޮށާއި ނުސީދާކޮށް، އެރުވެމުންދާ ހަދިޔާތަކާއި ވެދުންތަކުގެ ގިނަކަމާއި ބިޔަކަމުން މިރޭވުމަށް ވެސް ފިރުކާލައްވަ ފާނެތީއެވެ. 26 ވޯޓުގެ ފުރިހަމަ ޔަގީންކަމާއި ގެރެންޓީ މަޖިލިސް ތެރެއިން ލިބިއްޖެނަމަ، ފަހަރުގައި އާއަސާސީ ތަސްދީގު ކުރެއްވުން ލަސް ކުރައްވަ ފާނެއެވެ. މިއީ ރައީސް މައުމޫނުގެ މުށުފުޅުތެރޭގައި އޮތްކަމެކެވެ. އެހެނަސް، ރައީސް މައުމޫނަށް ވީހާއަވަހަށް އާއަސާސީ ނިންމަވައި ތަސްދީގު ކުރެއްވުމަކީ ލާޒިމު ކަމެކެވެ. ވާޖިބެކެވެ. ޕުލޭން-އޭ އާއި ޕުލޭން-ބީ އާއި ޕުލޭން-ސީ އޮތީ އެތަކެއްފަހަރު ރިވައިސް ކުރެވި ފުރިހަމަ ދިރާސާ އެއްގެ ދަށުގައެވެ. ފަހެ، ދަންނާށެވެ! ރިޔާސީ އިންތިޚާބު- 2008 އިންތިގާލީ މަރުހަލާއަށް ނުގެންދަވައި، އަވަސް ކޮށްދިނުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރައްވަން ޖެހޭނެއެވެ. އަދި، ކުރިޔަށް އޮތްތިން ހަތަރު މަހެއްގައި އަސާސީ ތަސްދީގުކޮށް ނުނިމިއްޖެނަމަ، އޭގެޒިންމާ އުފުއްލަވަން ޖެހޭނީ، ރައީސް މައުމޫނެވެ. އަދި ޚާއްސަ މަޖިލީހުގެ ރައީސްގާސިމެވެ. ޚާއްސަ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެއް ނޫނެވެ.
ފަހެ، ދެވަނަ ސުވާލަކީ، މިހާރު ހިނގަމުން މިދާ ރިޔާސީދައުރު ހަމަވާ، 2008 ނޮވެންބަރ 10 ވަނަ ދުވަސް ނިމުމުގެ ކުރިން އާއަސާސީ ތަސްދީގު ކުރައްވައިފި ނަމަ، ދެން ރިޔާސީ އިންތިޚާބު- 2008 ބިނާވެގެންދާނީ، ކިހިނެތް ތޯއެވެ؟ ފަހެ، ހިނދުކޮޅަކަށް ހަމަހިމޭންވެތިބެ، ވިސްނާލަން ޖެހޭ މަގާމަކީ މިއެވެ. އާއަސާސީ ތަސްދީގު ކުރެއްވުމުން ދެން ރިޔާސީ އިންތިޚާބަށް ވާނީ ކިހިނެތްތޯއެވެ؟ އެބިނާ، ބިނާކުރެވިގެން ދާނީ ކޮން އަސާސެއްގެ ދަށުންތޯއެވެ؟ އާއަސާސީއަށް ވާސިލުވުމަށް، އަސާސީ އިސްލާހުކުރާ އެހެން ފަހަރުތަކާ މުޅިން ޚިލާފަށް މިފަހަރު ދަށްކާފައިވަނީ، “އިންތިގާލީ ކަންތައްތަކާބެހޭ ބާބު” ގެ ނަމުން ވަރަށް ރީއްޗަށް ފަރުމާ ކުރެވިފައިވާ ހަކަތައިގެ ވަރުގަދަ ފާލަމެކެވެ. މިކަހަލަ ހަކަތައިގެ ވަރުގަދަ ފާލަމަކަށް ދާންޖެހުނީ މިފާލަމަކީ، މުޅިންވަކީން އޮންނަ ވަގުތީ ސަރުކާރަކަށް ވިޔަނުދިނު މަށެވެ. އެމަގްސަދު ގައެވެ. އެބޭނުމުގައެވެ. ފަހެ، ގައުމީ އެއްބައި ވަންތަކަމުގެ އިންތިގާލީ ވަކި ސަރުކާރެއް ގެނަޔަނުދީ، ޑީއާރުޕީގެ ނުފޫޒާއި ބާރުން އިންތިގާލީ މަރުހަލައިގެ ނަމުގައި ހަކަތައިގެ ގިރިޓީ ކުރެވިފައިވާ ވަރުގަދަ ފާލަމެއް ފަރުމާ ކުރުމުގެ ޚާލިސް މަގްސަދަކީ، އެފާލަންމަތިން މިހާރުމިއޮތް ފަސާދަވެފައިވާ ސަރުކާރު މިއޮތްގޮތަށް ގިރާކުރުވުމެވެ. އަމާޒަކީ މިއެވެ. ބޭނުމަކީ ވެސް މިއެވެ. ފަހެ، މިއީ ރައީސް މައުމޫނު “އާއުދަރެހެއް” ގެ ގޮތުގައި މީގެކުރީ އިންތިޚާބެއްގައި ހިއްލަވާލެއްވި، ބެޓަރ ޑިމޮކްރަސީ ތަމްސީލު ކޮށްދެއްވި އަމިއްލަ އަތްޕުޅުގެ ފަސް އިނގިލިން ފަސްކަމެއް ރަމްޒުކޮށް ދެވުނުހެން، މިއިންތިޚާބުގައި ވެސް އެދަށްކަވާލެއްވި އަތްތިލަޕުޅު، ސީދާ ރައްޔިތުންނަށް ކުރިމަތި ކުރައްވައިގެން ހުންނަވައި އެފާލަން މަތިން، އަމާންކަމާއެކު ގިރާކޮށް ލެއްވުމެވެ. އެންމެވަށްތަރުވަނީ، ޒިންބާބުވޭގެ މިސްޓަރ މުގާބޭއާއެވެ. ބެޓަރ ޑިމޮކްރަސީގެ ފަހަރު، ޓީޝާޓްތަކާއި އައުއުދަރެހުގެ ޕޯސްޓަރުތައް ވުޖޫދަށް ގެނެސް ޚަރަދު ކުރުމުގައި އެންމެ އިސްސަފުގައި ރައީސް މައުމޫނަށް ވާގިވެރިވި މީހަކީ، އޮނަރަބްލް ގާސިމް އިބްރާހީމެވެ. އަދި ރައީސް މައުމޫނަށް މަޖިލީހުގެ މެންބަރުންގެ ވޯޓުހޯއްދަވައި ދެއްވުމުގެ ގޮތުން އެފަހަރު، ރައްޔިތުންގެ މަޖިލީހުގައި ވޯޓުލާން އޮތް ދުވަހުގެ ކުރީރޭ މަޖިލީހުގެ އިއްޒަތްތެރި ބައެއް މެންބަރުން ލައްވާ ކީރިތި ޚަތިމުގައި އަތްޖައްސުވާއި ﷲ ގަންދީ ހުވާކުރުވާފައި ފައިސާ ބެއްސެވީ ވެސް ހަމަގާސިމެވެ. އެހެންނޫންނަމަ، އެފަހަރު އިދިކޮޅަށް، 18 ވޯޓަށްވުރެ ގިނަވޯޓު ލިބުނީހެވެ. އަދި ރައީސް މައުމޫނު ނުހޮވުނީހެވެ. ފަހެ މީނާއަކީ، މިހާރު އެމަނިކުފާނުގެ ބޮޑުބަނޑޭރިއެވެ. ފަހެ، މިފަހަރު 2008ގެ އިންތިޚާބުގައި ދެންވާނީ، ކިހިނެތްތޯ އެވެ؟ އަޅުގަނޑުގެ ވިސްނުމަށް ފެންނަނީ، މިފަހަރުވެސް އިއާދަވާނީ މާޒީކަމަށެވެ. ކާމިނީބާރާއި އެންދެރިބާރު، އަދި އޮތީ، ރައީސް މައުމޫނުގެ ފަހަތުގައެވެ. އޭނާ އުފެއްދެވި މަހުޖަނުންތައް ތިއްބެވީ އަދި އޭނާގެ، ފަހަތުގަ އެވެ. ޗަންޕާ ކުންފުންޏާއި ކޮލިކުންފުނި ފާހަގަކުރެވެއެވެ. މިވާހަކަތައް އަޅުގަނޑުވާނީ، ބޮޑުމަޖިލީހުގެ ތަޅުމުގައި ގޮވާފައެވެ.
ފަހެ ދެކެދެނެ ތިބެދަންނާށެވެ! ސައްތައިން ސައްތައަށް މިވަރުގަދަ އަޒުމާއި މަގްސަދު ހާސިލު ކުރެއްވުމަށް ޓަކައި ކުރެއްވެން ހުރިހުރިހާ ކަމަކާއި މަސައްކަތެއް ފަސާދަވެފައިވާ މިވެރިކަމުގެ ފަރާތުން ކުރާނެކަން ރައްޔިތުން ގަބޫލުކޮށް، ޔަގީންކުރަން ޖެހޭނެއެވެ. ޝައްކެތްނެތެވެ. ވަޒީރުކަމާއި ނައިބުވަޒީރުކަން ބަހާނެއެވެ. ބޮޑެތި މާސިންގާ ފްރޮޖެކްޓްތައް ބަހާނެ އެވެ. މިއީ ރައްޔިތުން އިނދަ ޖައްސާލާފަ ނަމަވެސް އެމަނިކުފާނު، ކުރައްވާނެ ކަމެއްކަން ޔަގީނެވެ. ފަހަތުގައި ތިއްބަވާނީ، މިހާރު މިފެންނަ ބޮޑެތި ބޮޑެތި ސައުދާގަރުންނާއި މަހުޖަނުންނެވެ. އިސްކޮށް ހުންނެވީ ބޮޑުބަނޑޭރި އެވެ. ވަގުތު ޖެހުމުން، ރައީސް މައުމޫނު އަރުއްވާ އިންނަވާނީ ގާސިމުގެ ކޮނޑުގައެވެ. ބެރުޖަހާއި އަތްތިލަ ބަޑިޖަހާއި ނަށަންތިބޭނީ ކުރިންވެސް ތިއްބެވި ބޮޑުންނެވެ. ރައްޔިތުންގެ މިލްކިއްޔާތު ގައިހުރި، އެންމެހައްގު މުދާ ކަމުގައިވާ ފަޅުރަށްތަކާއި ފިނޮޅުތަކާއި ފަޅުތަކާއި ގިރިތައް ދިގުމުއްދަތަށް އެގްރީމެންޓު ކޮށްދީފައި އެޑްވާންސަށް ފައިސާ ނަގަނީއެވެ. މާވަރުގަދަ ޗަންޕާ މީހަކަށް ހިބައިންދީފައިވާ ގަމަރު ގިރިއެއް އެބައޮވެއެވެ. މިފަދަ އިގްތިސާދީ ޖަރީމާތަކައި ހަވާލުވެ ޒިންމާނަގާނެ ފަރާތެއް ނެތެވެ. ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާތައް ވަނީ އެކެއްގެ އަތްދަށުގަ އެވެ. މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕލކ (އެމްޓީޑީސީ) ގެ ހިއްސާތަކާއި ކޮންޓްރޯލްވަނީ، އެކެއްގެ އަތްދަށުގަ އެވެ. ފަހެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއިންކަމަކަށް ސަމާލުކަން ދިނަކަ ނުދެއެވެ. އެމީހުންގެ މުސާރަވެސް އިންތިހާ ދަރަޖައަށް ބޮޑުކޮށް ދީފިއެވެ. މެންބަރުންނަށް ހަމްދަރުދީ ދެއްކެވުމުގެ ގޮތުން، ބޮޑުބަނޑޭރި އަމިއްލަފުޅަށް އެދުވަހުގެ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން އެބަހުސުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. މިހުރިހާ ކަމެއްގެ އެންމެ އިސްސަފުގައި ހުންނަވަނީ، ސައުދާގަރުންގެ ސައުދާގަރެވެ. ރައީސް މައުމޫނުގެ ބޮޑުބަނޑޭރި ކަމުގެ މަގާމުގައި މިހާރު ހުންނެވި، މާލީވަޒީރެވެ. ފަހެ، މާބަނޑޭރި އަކީވެސް އޭނާއެވެ. ދެން ފަހަތުން ފޯރިދެނީ، ކުދި ސައުދާގަރުން ނެވެ. އަޖައިބެއް ކަހަލަ ގޮތަކަށް ކުލަޖެހި، ކަޅުކަންބަޅި އެއްހެން ފެންނަނީ، ބިޑަށް ލުމެއްނެތި ދިގުމުއްދަތަކަށް މާލެކާރިން ރިޒޯޓެއް މިލްކުކޮށްގެން އުޅުއްވާ، އަދި އަމިއްލަފުޅަށް ވިދާޅުވާ ގޮތުގައި ބޮލަކަށް 37 ލާރިން ޒުވާނުންގެ ހަރަކާތްތައް ދިރުވާ، ބަލަހައްޓަވަމުން ގެންދަވާ، ޒުވާނުންގެ ވަޒީރު، އޮނަރަބްލް މުހަންމަދު ވަހީދުއްދީނެވެ. ޒުވާނުން އެއްކުރައް ވައިގެން ލައިވް ޕްރޮގްރާމެއް ކުރިޔަށް ގެންގޮސް ދެއްވައިފިއެވެ. އަދި 400 އެއްހާ މުދަށްރިސުންނާއި ޓީޗަރުން އެއްވި ހޯލަކަށް ވަޑައިގެން، އެމީހުންގެ ނިގުޅައި ގަނެވިފައިވާ ހައްގުތައް ހޯއްދަވައި ދެއްވުމުގަޔާއި މުސާރަ ބޮޑުކޮށް ދިނުމުގައި އެހީތެރިވެ ދެއްވުމުގެ ގޮތުން އަޑުއުފުއް ލަވައިފިއެވެ. މިކަމުގައި އިސްކޮށް ނަގާކިޔަން އުޅުނު ޓީޗަރަކީ، ޑީއާރުޕީގެ ބޭފުޅެކެވެ. ފަހެ މިކަންކަމަކީ ވެސް ސަރުކާރުން ރާވައިގެން ހިންގުވާ ޕްރޮޕެގެންޑާ ތަކަށް ވާކަމީ، ހިތާމަ ކުރަންޖެހޭ ދެރަކަމެކެވެ. މިފަދަ ކަންތަކުންވެސް ނަގަނީ، ނާޖާއިޒުފައިދާ ތަކެވެ. އަނެއްކާ ބަޖެޓައި ވިއްދައިގެން ކުޑަބަޖެޓެއް ފާސްކުރަންވީ އެވެ. ސީދާކޮށާއި ނުސީދާކޮށް ފައިދާއޮތީ ސަރުކާރަށެވެ. ފަހެ، މުސާރަ ބޮޑުކޮށްދީ މިދަނޑިވަޅުގައި ހަގީގަތުގައި ވެސް ހެޔޮމީސްވާން ބޭނުންފުޅިއްޔާ، އެފަދަ އޮޅުވާލުމުގެ އަނދުން އެޅުއްވުމުގެ އާޓުތަކައި ނުލާ، އެކަމެއް ކޮށްދެއްވީމާ ނިމުނީ ނޫންތޯއެވެ. ދަންނާށެވެ! އޮޅުވާލުމުގެ މިހުރިހާ އަނދުނަކީ ވެސް ވަކިބޭނުމަކާއި ވަކި މަގްސަދަކަށް އަމާޒު ކުރެވިގެން ވަރަށް ރޭވުންތެރި ކަމާއެކު، ކުރެވޭކަންތަކެވެ. ފޮރުވިފައިވާ ބޮޑުރޭވުން ގަނޑެކެވެ. ފަހެ، ކުދިބޮޑު ހުރިހާ ސައުދާގަރުންގެ ފޮރުވިފައިވާ ސިއްރު އަމާޒަކީ، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުގެ އެންމެފަހު ނޭވާއައި ޖެހެންދެން ވެސް އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށް ކުރެވެން ހުރިހުރިހާކަމެއް ރާވާއި ކާމިޔާބު ކޮށްދިނުމެވެ. އަދި އެމީހުންގެ އަމިއްލަ ވިޔަފާރި ބިޔަކޮށް، ވަރުގަދަ ކުރުމެވެ. މިއީ، އެމީހުންގެ ފައިސާވެރި ކަމުގެ ފަހަތުގައި ފޮރުވިފައިވާ ވަރުގަދަ އަމާޒެއްކަން ރައްޔިތުން ދަންނަން ޖެހޭނެއެވެ. ފަހެ ރައްޔިތުންނަށް އޭގެޒާތާއި ވަށްތަރާއި ހެކިތައް ފެނެއެވެ. ގަބޫލު ކުރެވެއެވެ. އަދި މިހާތަނަށް، މިފެނުނު ހުރިހާ ކަމަކުންވެސް ދޭހަވަނީ އެރޫޙެވެ. އެހެންވުމުން އާއަސާސީ ތެރޭގައި ވަރަށް ވިސްނުންތެރި ކަމާއެކު، ފަރުމާކުރެވުނު ހަކަތައިގެ ވަރުގަދަ އިންތިގާލީ ފާލަމަކީ، މިކަމުގެ އެންމެ މުހިންމު ގާނޫނީ ބިނާއެވެ. ފަހެ، ދިވެހި ރައްޔިތުން މިފާލަމަކީ، ވަގުތީ ސަރުކާރަކަށް ހަދަންވެގެން ކުރި، އަގުހުރި މަސައްކަތް އޮޔާލާއި ހަލާކުކޮށް ފުނޑުފުނޑުކޮށްލީ، ސައުދާ ގަރުންތަކެއް އިސްކޮށް ފަހަތުގައި ތިއްބަވައިގެން، ޖުމްހޫރީޕާޓީގެ ނަމުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތު ތެރޭގައި މިހާރު ހަރަކާތްތެރި ވެލައްވާ، އަދި އަތުގައި ފުދޭވަރަށް ފައިސާ ޖަމާކުރެވިފައި ހުރިކަން ހާމަކޮށް ދިނުމުގެ ގޮތުން ލޮބުވެތި ރައްޔިތުންނަކީ، މެޓާކަމަށް ހައްދަވައި ސިފަކުރެއްވި، މިހާރުގެ ފަސާދަވެފައިވާ ސަރުކާރުން މުއްސަނދި ކޮށްދީފައިވާ ދ.އަތޮޅުގެ މެންބަރ އަލްފާޟިލް އަހްމަދި ނާޝިދު (އޭޑީކޭ) އިދިކޮޅު ލީޑަރެއްގެ ގޮތުގައި ނެރެ ބަހައްޓަވައި ގެން، އޭނާލައްވާ ސިޔާސީ މައިދާނުގައި ކުޅުވައި ގެންނެވެ. ފަހެ، މިހާރު ބިނާކޮށް ނިންމާފައި މިވާ، އިންތިގާލީ ފާލަމަށް ފުންކޮށް ނަޒަރުކޮށް ބަލާލާއިރު، މިފާލަމުގެ ބޭނުން ހިފާނެގޮތަކީ މިއެވެ. ވަރަށް ސަރީހައެވެ. ވަރަށް ސާފެވެ. އެއްވެސް އޮޅުމެއް ނެތެވެ. “މިބާބުގައި އެހެންގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާނަމަ، މިބާބުގައި ބަޔާންކޮށް ފައިވާ ކަންތައްތަކަށް ޢަމަލުކުރެވޭނީ، މިގާނޫނު އަސާސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުކޮށް އެމީހުން މަގާމައި ހަވާލުވަން ދެނެވެ.” (އިންތިގާލީބާބުގައި ފާސްވެފައިވާ މާއްދާއެއް.)
ފަހެ، އެއްވެސް އޮޅުމެއް ނެތެވެ. ވަރަށްސާފު ސީދާއިބާރާތް ކޮޅެކެވެ. ކަނޑައެޅިގެން އިންތިގާލީ ފާލަންމަތިން ގިރާ ކުރުމުގެ ހުއްދަ ދެވިފައިވާ ކަންތައްތައް ފިޔަވައި މިފާލަންމަތިން ގިރާކުރެވޭނީ، ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު ކޮށް، އެމީހުން މަގާމައި ހަވާލުވަން ދެނެވެ. ފަހެ، އިންތިގާލީ ބާބުގައި ބަޔާންކޮށްފައި ހުރި ބައިވަރު ކަންތައް އެބަހުއްޓެވެ. ފަހެ އެއީ މިފާލަންމަތިން ގިރާކުރުން ހުއްދަކަންތަކެވެ. އެކަންތައް ތަކަކީ، ރައީސް މައުމޫނުގެ މުށުފުޅު ތެރޭގައި ބާރުކޮށް ފިއްތާލެވޭ ގޮތަށް މިބާބުން ދޫކޮށް ލެވިފައި ހުރިކަންތައް ތަކެކެވެ. މިހާރު އެބާރު ސީދާކޮށް ދެވިފައި އެވަނީ، ރައީސް މައުމޫނުގެ މުށުފުޅު ތެރެއަށް ލައްވައި ވަކިމުއްދަތަކަށް ލައްޕާލައްވާއި ބާރުކޮށްލެވޭ ގޮތަށެވެ. ފަހެ މިހާރު އެބާރުތައް އެހުރީ، އެމަނިކުފާނުގެ މުށުތެރޭގައެވެ. ބޭނުންފުޅުވާ ގޮތަކަށް ބޭނުންފުޅުއިރަކު، އިންތިގާލީ ކަންތައްތައް ދެންމުމަށް ދެވިފައިވާ ދެއަހަރުގެ މުއްދަތުގެ ތެރެއަށް ދަންމާލައްވައިގެން އެކަންތައްތައް ކުރެއްވިދާނެ ގޮތަށެވެ. ފަހެ، ދަންނާށެވެ! އިންތިގާލީ މަރުހަލާ ދެއަހަރު ދުވަހަށް ރީތިކޮށް ދަންމާލެއްވޭ ގޮތަށެވެ. އޭރުން 2008 ކަށް ދެއަހަރު އިތުރުކޮށް ލުމުން، 2010 ވަނަ އަހަރާ ހަމައަށް މިސަރުކާރަށް ދެވުނީއެވެ. ވާސިލުވީއެވެ. ދެން އެއަށްފަހު، ފަސްއަހަރުގެ ދެ ދައުރު އިތުރަށް ޑީއާރުޕީއަށް ލިބުނީމާ، 2020ގެ ތަސައްވުރަށް އަމާންކަމާއެކު، ވާސިލުވެވުނީ އެވެ. ދުރާލައި ރޭވުނު މޮޅުއަމާޒަށް ދަތުރު ކުރެވުނީއެވެ. ޑީއާރުޕީގެ ޒައީމުކަން ވެސް ވަނީ، 2010 ވަނަ އަހަރާ ހަމައަށް އެޕާޓީން މިލްކުކޮށް ދެއްވާފައެވެ. 2006 ވަނަ އަހަރުން ފެށިގެން ހަތަރު އަހަރުގެ މައްދަތަށެވެ. ކިހާރީތި ރޭވުމެއް ތޯއެވެ! އިދިކޮޅު ލީޑަރުންނަށް މިރޭވުންތަކަށް ވިސްނާލާނެ ފުރުސަތެއް ނުދެއްވައެވެ. އެމީހުން ތިބެނީ ބޭކާރު އެހެން ކަންކަމުގައި މަޝްޣޫލު ކުރުވާފައެވެ. ރައީސް މައުމޫނުގެ ވިސްނުން ފުޅަށްވުރެ މޮޅެތި ރޭވުންތެރި ސިޔާސީ ވިސްނުން ރައްޔިތުންނަށް ނެރެދޭނެ އިދިކޮޅު ލީޑަރުން، އަދި ފެންނަންނެތީ އެވެ.
ދެންފަހެ، އިންތިގާލީ ބާބުގައި ފާސްވެފައިހުރި ބައެއްކަންތަކަށް ނަޒަރުކޮށް ބަލާލަމާތޯއެވެ!! މިފުރުސަތުގައި އެންމެބޮޑަށް ހިތާމަކުރަންޖެހޭ ކަމަކީ، އޭޑީކޭ ނާޝިދުގެ ލީޑަރޝިޕްގެ ދަށުން ސައުދާގަރުންގެ ގިނަބަޔަކު އޭނާގެ ފަހަތުގައި ތިބެގެން ހުށަހެޅުވި، ހުށަހެޅުމަށް އެންމެ 30 ވޯޓުލިބިގެން ފެއިލްވީތީއެވެ. އިންތިގާލީ ސަރުކާރުގެ ވާހަކަ، މިހިސާބުން މުޅިން ނިމުނީއެވެ. އެމަގު މުޅިން ބަންދުވީއެވެ. ހިތާމަ ހުއްޓެވެ! ހަމަގައިމު ވެސް އަޅުގަނޑުގެ ވޯޓު މިތިރީސް ވޯޓުގެ ތެރޭގައި ހިމެނިފައި ވާނެއެވެ. ފޯރީގައި މިކަން ކުރުވާފައި 2008ގެ ބަޖެޓްފާސް ކުރުވިހެން މިކަން ފާސްކުރުވަން ސައުދާގަރުން ނޫޅުއްވީތީ، އަޅުގަނޑު ހިތާމަކުރަމެވެ. ދެރަވަމެވެ. ފަހެ، އިންތިހާއަށް ހިތާމަ ކުރަންޖެހެއެވެ! ހިތާމައިގެ ކޮޅެއް ނެތެވެ!! ގައުމީރޫހު އުފައްދަންޖެހޭ ތަންތަނުގައި ގައުމީ ރޫހެއް ނުފެނެއެވެ. ފެނިގެންދަނީ، އަމިއްލަ މަސްލަހަތާއި ފައިދާ އިސްކުރާ ރޫހެވެ. ރައްޔިތުންނަށް މިފަދަ އޮޅުވާލުންތައް، އޮޅުވާލާބަޔަކަށް ހަލާކު ހުއްޓެވެ! ސައުދާގަރުން ތިއްބެވިގޮތް ވަޒަންކޮށް ކިރާލަން އެނގެނީ މިފަދަ ރީތި މިސާލުތަކުން ނެވެ. އަޅުގަނޑު ބޮޑުމަޖިލީހުގެ ތަޅުމުގައި އެހުށަހެޅުމަށް ނަންދީފައިވާނީ، “އޭޑީކޭ ހުށަހެޅުން” މިނަމުންނެވެ. އެކަމާ ބޮޑުމަޖިލީހުގެ ރައީސްގާސިމު ކޯފާވެސް ވިއެވެ.
ފަހެ، ދަންނާށެވެ! މިރޮނގުން އެންމެ ފުރަތަމަ ބަލާލަންޖެހެނީ، އިންތިގާލީ ބާބަށް ހުށަހެޅި، ހުށަހެޅުން 34ކަށެވެ. އެއީ، އެހެނިހެން މަގާމުތަކާއި މުއައްސަސާތައް އާގާނޫނު އަސާސީއަށް އަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން 2 (ދޭއް) އަހަރު ދުވަސް ވަންދެން އިންތިގާލީ މަރުހަލާ އެއްގެ ގޮތުގައި ދެމިއޮތުމުގެ ބާރުދޭ މާއްދާއެވެ. މިމާއްދާގައި ތިންއަކުރު އޮވެއެވެ. 1- މިބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައިވާ ކަންތައްތައް ފިޔަވައި، މިގާނޫނު އަސާސީއަށް އަމަލުކުރަން ފަށާތާ އެންމެ ގިނަވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި މިގާނޫނު އަސާސީގައި ވާގޮތަށް މަގާމުތަކަށް މީހުން އައްޔަންކޮށް ނުވަތަ އިންތިޚާބުކޮށް ނިންމައި، އަދި މިގާނޫނު އަސާސީގައި ބުނެފައިވާ މުއައްސަސާތައް މިގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް އުފަށްދައި ނުވަތަ ގައިމުކޮށް ނިންމަން ޖެހޭނެއެވެ. 2- މި ގާނޫނުއަސާސީ ގައި ބުނެފައިވާ އެންމެހައި މަގާމުތަކަށް މުގާނޫނު އަސާސީގައި ނުވަތަ މިބާބުގައި ބުނެފައިވާ ގޮތަށް މީހުން އައްޔަންކޮށް ނުވަތަ އިންތިޚާބުކޮށް ނިމެންދެން މިގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު އައްޔަންކޮށް ފައިވާ، ނުވަތަ އިންތިޚާބުކޮށް ފައިވާ މީހުން އެމީހުންގެ މަގާމުގައި ދެމިތިބެވިދާނެ އެވެ. 3- މިބާބުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާ ކަންތަކުގެ ތެރެއިން، މިގާނޫނު އަސާސީގައި ބުނެފައިވާ މުއައްސަސާތައް މިގާނޫނު އަސާސީގައި ނުވަމަ މިބާބުގައި ބުނެފައިވާ ގޮތަށް އުފައްދައި ނުވަތަ ގައިމުކޮށް ނިމެންދެން، މިގާނޫނު އަސާސީއަށް އަމަލުކުރަން ފަށާއިރު އުފައްދާފައިވާ ނުވަތަ ގައިމުކޮށްފައިވާ މުއައްސަސާތައް ދެމިއޮންނާނެއެވެ. (އިންތިގާލީ ބާބުގައި ފާސްވެފައިވާ މާއްދާއެއް.)
އަދި ހުށައެޅުން 35 ގައި ބުނަނީ މިހެންނެވެ. މިމާއްދާގައި ދެއަކުރު އޮވެއެވެ. 1- މިގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު، 2008 އޮކްޓޯބަރ 10 ވަނަ ދުވަހުގެ ކުރިންބާއްވާ ނިންމަން ވާނެއެވެ. 2- މިމާއްދާގެ 1 ގައިވާ ގޮތުގެ މަތިން އިންތިޚާބުކުރެވޭ ރައީސުލް ޖުމްހޫރިއްޔާ 2008 ނޮވެންބަރ 11 ވަނަ ދުވަހު އޭނާގެ މަގާމުގެ ހުވާކޮށް އެމަގާމާ ހަވާލުވާން ވާނެއެވެ. (އިންތިގާލީ ބާބުގައި ފާސްވަފއިވާ މާއްދާއެއް.)
ފަހެ މިމަޒްމޫނުގައި އަޅުގަނޑު ދެވަނައަށް ކޮށްފައިމިވާ ސުވާލުގެ ޖަވާބުވެސް ވަރަށް ސަރީހައެވެ. ސާފެވެ. މާބޮޑު އޮޅުމެއްނެތެވެ. 2008 ނޮވެންބަރ 10 ވަނަދުވަސް ނިމުމުގެ ކުރިން ރައީސް މައުމޫނު އާއަސާސި ތަސްދީގު ކުރައްވައި ފިނަމަ، އަދި އެމަނިކުފާނު ބޭނުންފުޅު ވެއްޖެނަމަ، ބަރާބަރު ދެއަހަރު ދުވަސްވަންދެން މިހާރުމިހުރި ހުރިހާ މަގާމްތަކާއި މުއައްސަސާ ތައް، ދަންމާލެއްވި ދާނެއެވެ. 2008 އޮކްޓޯބަރ 10 ގެކުރިން ރިޔާސީވޯޓްނަގާ ނިންމަން ޖެހޭނެކަމަށް މިބާބުގައި ލިޔެފައި އޮތަސް އެކަންކުރުމަށް އޮތްމުއްދަތުގައި ނުކުރެވިއްޖެ ނަމަ، ލަސްކޮށް ލުމުގެބާރު، ރައީސްމައުމޫނަށް ލިބިގެން ވެއެވެ. ފަހެ އެހެނީ، އިންތިގާލީ ބާބަކީ، އާއަސާސީއަށް ވާސިލުވުމަށް ޓަކައި ބިނާކުރެވުނު ފާލަމަކަށް ވެފައި، އަސާސީގައި ހިމެނޭ ޢަމަލުކުރުން ވާޖިބުވާބައިގެ ތެރެއިން ބޭރުގައިވާ ބާބަކަށް މިބާބު ވާތީއެވެ. އެބާބުގައި ލިޔެވިފައިހުރި، ކަނޑައެޅިގެން އަމަލުކޮށް ނިންމަންޖެހޭ ހުރިހާކަމެއް، ދެއަހަރުތެރޭގައި ފުރިހަމަކޮށް ނިންމާލުމުގެ ގާނޫނީބާރު މިބާބުން ވެރިކަންކުރާ ފަރާތަށް ލިބިދޭތީ، ރައީސް މައުމޫނު ހައްދަވާނެ ގޮތަކީ މިއެވެ. ފަހެ، ވިހިވިހީގެ ތަސައްވުރަށް ގައުމައިގެން މިސްރާބު ޖެހެނީވެސް އޭރުންނެވެ.
ފަހެ، ދަންނާށެވެ! މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ، ބައިވަރު ކަންތައް އެބަހުއްޓެވެ. އޭގެތެރޭގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން، އާއަސާސީގައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލް ތަކާއި ރަށު ކައުންސިލް ތަކާއި ސިޓީ ކައުންސިލްތައް ހޮވުމަށް ބާއްވާ އިންތިޚާބު 2009 ޖުލައި 1 ވަނަ ދުވަހުގެ ކުރިންބާއްވާ ނިންމަންވާނެ އެވެ. މިކަމަކީ، އިންތިގާލީ މުއްދަތަށް ދަންމާލައިގެން ފުރިހަމަ ކުރެވިދާނެ ކަމެކެވެ. ފަހެ، އާއަސަސީއަށް އަމަލުކުރަންފަށާ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، 5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އިލެކްޝަންސް ކޮމިޝަނެއް އިންތިގާލީ ބާބުގައިވާ ކަނޑައެޅިގެން ބުނެފައިވާ ގޮތަށް ގައިމުކުރަން ވާނެއެވެ. މިއީ އިންތިގާލީ މަރުހަލާތެރޭގައި ވަގުތީގޮތުން އޮންނަ، އަދި ފަހުންއުވޭނެ، ދެ ކޮމިޝަނެވެ. ފަހެ، މިއީ ކަނޑައެޅިގެން ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި 45 (ސާޅީސްފަހެއް) ދުވަހުގެ ތެރޭގައި އާއަސާސީއަށް އަމަލުކުރަން ފެށުމާއެކު، ނިކުންނަ ގާނޫނީ މައްސަލަތަކާއި ދިވެހި ރާއްޖޭގެ ހައިކޯޓުން ނިމި އިސްތިއުނާފަށް ހަށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ސުޕްރީމްކޯޓެއް އިންތިގާލީ ބާބުގައި ކަނޑައެޅިގެން ބުނެފައިވާ ގޮތަށް އުފައްދަން ވާނެއެވެ. މިއީ އިންތިގާލީ މަރުހަލާތެރޭގައި ވަގުތީގޮތުން އޮންނަ، އަދި ފަހުން އުވޭނެ ސުޕްރީމް ކޯޓެކެވެ. ފަހެ، މިތިން ކޮމިޝަނަކީ، އިންތިގާލީ މަރުހަލާތެރޭގައި ކަނޑައެޅިގެން ބުނެފައި އެވާދުވަހަށް، އުފައްދަން މަޖްބޫރު ކޮމިޝަންތަކެވެ. ކަނޑައެޅިގެން އިންތިގާލީ މުއްދަތުގައި ކުރަންހުރި ކަންތައް ފިޔަވައި، އާއަސާސީގެ ދަށުން ކުރަންޖެހޭ ގޮތަށް ހުރި، ހުރިހާކަމެއް ދެއަހަރުގެ އިންތިގާލީ މުއްދަތަށް ދަންމާލެވި ދާނެއެވެ. މިބާރު، މިއޮތީ ރައީސް މައުމޫނަށް ދޫކޮށްލެވިފައެވެ. ފަހެ، އާއަސާސީއަށް އަމަލުކުރަން ފަށާތާރީޚުން ފެށިގެން، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އަގާނޫނު އަސާސީގައިވާ ގޮތުގެމަތިން އެންޓި ކޮރަޕްޝަން ކޮމިޝަނެއް އުފައްދަން ވާނެއެވެ. މިކަމަކީ، އިންތިގާލީ މުއްދަތަށް ދެމިގެންދާނެ ކަމެކެވެ. އަދި، އާއަސާސީގައިވާ ގޮތުގެ މަތިން ކުރަންހުރި ހުރިހާކަމެއް ވެސް އިންތިގާލީ މުއްދަތަށް ދެމިގެންދާނެއެވެ. މުޅި އިންތިގާލީ ބާބަށް ނަޒަރު ކުރާއިރު ކަނޑައެޅިގެން އެމުއްދަތުގައި އަމަލު ކުރަންވީގޮތް އެބާބުގައި ތަފްސީލުކޮށް ލިޔެފައިނެތް މިފަދަ ކަންތައްތަކަކީ، އެމުއްދަތަށް ދެންމޭނެ ކަންތަކެވެ.
ފަހެ، ދަންނާށެވެ! އިންތިގާލީ ފާލަމުގެ ޚާއްސިއްޔަތަކީ، މިހާރުމިއޮތް ރައްޔިތުންގެ މަޖިލީހާއި މިހާރު މިހުންނެވި ރައީސުލް ޖުމްހޫރިއްޔާ އާއި މިހާރުމިއޮތް ވަޒީރުންގެ މަޖިލިސް، އާއަސާސީގައި ކަނޑައެލިފައިވާ ގޮތަށް ހަމަޖެހި ނިމެންދެން ދެމިއޮންނާނެ ކަމެވެ. އެމުއްދަތަކީ، މިފާލަމުގެ މުއްދަތު ކަމުގައިވާ ބަރާބަރު ދޭއް އަހަރެވެ. މިކަމަށް ބާރު ދިނުމުގެ ގޮތުން އިންތިގާލީ ބާބުގައި އާއަސާސީއަށް އަމަލުކުރަން ފެށުން ބަޔާންކޮށް ދީފައިވަނީ މިފަދައިންނެވެ. މިއީ، ތިން އަކުރުގެ މާއްދާއެކެވެ. 1- މިގާނޫނު އަސާސީއަށް އަމަލުކުރަން ފަށާނީ، މިގާނޫނު އަސާސީ ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. 2- މިގާނޫނު އަސާސީއަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން، 1998 ޖެނުއަރީ 1 ގައި އަމަލުކުރަން ފަށާފައިވާ “ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ” އުވުނީއެވެ. 3- މިމާއްދާގެ (ހ) ގައި އެހެންއޮތް ނަމަވެސް، މިގާނޫނު އަސާސީގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކުރެވެންދެން މިބާބުގައި ބަޔާންކޮށް ފައިވާ ކަންތައްތަކަށް އަމަލު ކުރެވޭނީ، މިބާބުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ގޮތަށެވެ. (އިންތިގާލީ ބާބުގައި ފާސްވެފައިވާ މާއްދާއެއް.)
ދެން ފަހެ، މިބާބުގައި ކަންތައްތައް މިހުރިގޮތަށް ވިސްނާ ނަޒަރުކޮށް ބަލާއިރު، އަޅުގަނޑަށް ނެރެވޭ ނަތީޖާއަކީ، ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިސް، އާއަސާސީ ތަސްދީގު ކުރެވޭތާ ދޭއް އަހަރު ތެރޭގައި އާއަސާސީގެ ދަށުން، އިންތިޚާބު ކުރެވެންދެން މިމަރުހަލާގެ ކަންތައްތައް ކުރައްވާނީ، މިބާބުގައި ކަނޑައެޅިގެން ކުރުމަށް ބަޔާން ކޮށްފައިވާ ގޮތަށެވެ. ގިރިޓީ ކުރެވިފައިވާ އިންތިގާލީ ފާލަން ބިނާކުރެވިފައި އޮތްގޮތް ވަރަށް ކުރުކޮށް މިދަންނަވާ ލެވުނީއެވެ. ﷲ އަޅަމެން ނަށް ހެޔޮގޮތްތައް މެދުވެރި ކުރައްވާށިއެވެ! ރައްޔިތުންގެ ޖާމިޢު ދުޢާތަކަށް އިޖާބަ ދެއްވާށުއެވެ! އާމީން!