އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 1 ޖޫން 2008މ. ގައި)
ދިވެހި ރާއްޖޭގެ ހަލަބޮލި އަދި ވަރަށް ހައްސާސީ ފަށްތަރެއް ކަމުގައި ބެލެވޭ މިދުވަސްވަރު ފެންނަމުން މިދަނީ، 1990މ. ގައި އުންމީދުކުރެވުނު ގޮތަށް ފެންނަމުންދާ ވަރަށް ހައްސާސީ، ސިޔާސީ މަސްރަހެކެވެ. ދުވަސްތަކެކެވެ. ސިޔާސީ ކަންތައްތައް ތިލަވެ ފެނިގެން މިދަނީ، އެދުވަސްވަރު ޖަލުގައި ތިބެގެން އަޅުގަނޑު މެންނަށް ކުރެވުނު ދިރާސާތަކައި ވަރަށް އެއްގޮތް ގޮތަކަށެވެ. މާބޮޑު ފަރަގެއް ނެތިއެވެ. ރައީސް މައުމޫނުގެ ފަސާދަވެފައިވާ ވެރިކަން ވެއްޓެންދެން، ރާއްޖޭގެ ސިޔާސީ ބާރުގެ ގޮތުގައި ދައުވާ ކުރާނެ ތިންބާރު އޮންނާނެއެވެ. ހަގީގަތުގައި މިއީ، ރައީސް މައުމޫނައި އާއިލީގޮތުން ނާއި ޒާތީގޮތުން ގުޅިފައިވާ ދެބާރެކެވެ. އޭގެތެރެއިން އެއްބާރުން ކަފިވެގެން ނުކުތް ބާރެއް މިހާރު މާކުރީގައި ހަރަކާތްތެރި ވަނީއެވެ. މިދެބާރަކީ، ރައީސް މައުމޫނުގެ އާއިލާއާއި މިހާރުގެ ފުރަތަމަ އަންހެނާ މެޑަމް ނަސްރީނާ އިބްރާހީމްގެ އާއިލާއެވެ. ފަހެ، ކާމިނީކޭންޕުގެ ބާރާއި އެންދެރި ކޭންޕުގެ ބާރެވެ. ޕީޕަލްސް އެލަޔަންސް “ޕީއޭ” އަކީ، ރައީސް މައުމޫނު ފަޅީން ކަފިވެގެން ނުކުތް ކަތްޕެކެވެ. ފަހެ، އޮނަރަބްލް ޔާމީނު އަބްދުލް ގައްޔޫމުގެ ޗާލާކީ ހުނަރުތައް ތޫނުކަމުން ތަންކޮޅެއް ކުރީގައި އުޅެނީއެވެ. އަޑަށް ވުރެބާރަށް ދަތުރުކުރަނީ އެވެ. އިސްތިރާތީޖީ ހުނަރުތަކުގެ ބޭނުން ހިފަން ދަންނަނީއެވެ. ސްޓްރެޓެޖީ މޮޅީއެވެ. މިބާރު ތަކުގެ ސިޔާސީ ހަނގުރާމަތައް ފިނިކޮށާއި ހޫނުކޮށް ހިންގަމުން ދެއެވެ. ގަނޑުވަރު ތެރޭގަޔާއި ގަނޑުވަރުން ބޭރުގައި މިހަނގުރާމަތައް ހިނގައެވެ. މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހުން މިފެންނަނީ، އެކުލަވަރު ތަކެވެ. އުދަރެސް އޮތީ ވަރަށް ބަނަކޮށެވެ. ފަހެ، 2007 ޖެނުއަރީ 31 ގައި ޔާމީނު ހުށަހެޅުއްވި، އިސްތިއުފާ ސިޓީއާގުޅިގެން ސިންގަޕޫރުގައި، ތިންވަނަ ޝަޚްސިއްޔަތެއްގެ ހާޒިރުގައި ހިންގި ފިނި ހަނގުރާމައިގެ ބައްދަލުވުމަކީ، ރީތިކޮށް މީގެ ދިރިދިރިހުރި މިސާލެކެވެ. އެހެނަސް އެބައްދަލު ވުމުން ރޭވުނު ބަރުލަމާނީ ނިޒާމެއްގެ ދަށުން ހުންނާނެ ބޮޑުވަޒީރުގެ ޕްލޭން ދިޔައީ ފަނުފުލުންނެވެ. ހަމަސުމަކަށެވެ. އެމްޑީޕީއާއި ޕީއޭގުޅިގެން ބޮޑުވަޒީރަކު ބަހައްޓާނިޒާމު ކާމިޔާބު ކުރެވޭތޯ ވަރަށް މަސައްކަތް ހިންގިއެވެ. ފަހެ، މިކަން ކާމިޔާބު ނުވުމަކީ، ރައްޔިތުންގެ ހޭލުންތެރި ކަމުގެ އަލިގަދަ ހެތްކެކެވެ. ވިޔަފާރިވެރިންގެ އަތްމައްޗަށް މިގައުމުދޫކޮށް ނުލެވުނެވެ. ރައީސް މައުމޫނު ގަނޑުވަރުން މިފަދަ ބާރުތައް ކޮންޓްރޯލްކޮށް، ސިއްރު ކޮމާންޑުތައް ނެރެ ހިންގަވާހާ ދުވަހަކު، ހަގީގީ ބާރުވެރިއަކަށް ހުންނަވާނީ، ޚުދުރައީސް މައުމޫނެވެ. ދެވަނަ މީހެއްނޫނެވެ. މުގޫ އޮންނާނީ އެމަނިކުފާނުގެ އަތްޕުޅުގައި އޮޅާލެވިފައެވެ. ފިނި ހަނގުރާމައާއި ހޫނުހަނގުރާމަ ކިތަންމެ ގަދަވިޔަސް، މިތިންބާރަކީ ވެސް، ރައީސް މައުމޫނުގެ ހިޔަނިތަކެކެވެ. ފަހެ، އެއްޖިސްމެއްގެ ތިން ހިޔަންޏެވެ. މިބާރުތައް އެއްބަޔަކު އަނެއްބަޔަކާ، ތެޅުވުމަށާއި ރައްޔިތުންނަށް އެބާރުތަކުގެ ދެމެދުގައި ވަރުގަދަ ޖެހުންތަކެއް އެބައޮތްކަން ކަށަވަރުކޮށް، ދެއްކުމަށްޓަކައި ގަނޑުވަރުން ހީލަތްތެރި ރޭވުންތަކެއް އަބަދުވެސް އަޑިއަޑީގައި ގެންގުޅެއެވެ. މިގޮތުން އެންމެފަހުން ހިންގި ބޭކާރުއަމަލަކީ، ޓްރާސްޕޯޓް މިނިސްޓަރުގެ ނައިބު އއ.އަތޮޅުގެ މެންބަރު ކެޕްޓަން އަހްމަދުޒުބައިރު، އެންދެރި ކޭންޕުގެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ދުވަހު އޭނާގެ މަގާމުން ވަކިކުރެއްވުމެވެ. ފަހެ، ޕީއޭ ލައްވައި “ސިވިލްސަރވިސްގެ ގާނޫނު” 2007/5 އަށް، ކުއްލިގޮތަކަށް ގެނައުމަށް ރައީސްއޮފީހުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިސްލާހުތަކާ ދެކޮޅަށް ޕީއޭ އިސްކޮށްއޮވެ، އެމްޑީޕީއާއި އެކިއެކި އެންޖީއޯތައް ލައްވާ މާލެތެރޭގައި ހަރަކާތްތަކެއް ހިންގުވީވެސް މިރޭވުމުގެ ދަށުންނެވެ. އަދި މިހާރު ދެމަޖިލީހުގައި ތިއްބެވި، ޑީއާރުޕީއަށް ނިސްބަތްވާ 13 މެންބަރަކު ލައްވާ އެމީހުންގެ ސިވިލް ޚިދުމަތުގެ މައްސަލަކޯޓަށް ވަށްދުވައިގެން، ސިވިލްސަރވިސް ކޮމިޝަނާ ދެކޮޅަށް ހިންގުވަމުން ގެންދާ އެގާނޫނުގެ ބާރު ކަނޑުވާލުމުގެ ކުޅިގަނޑަކީވެސް މިރޭވުމުގެ ދަށުން ހިނގާކަންކަމެވެ. މިކަންކަމުގެ ބޭނުމަކީ، އެއްބާރު އަނެއްބާރާ ދެމެދު ވަރަށްހޫނުކޮށް ހަނގުރާމަ ހިނގާކަން ރައްޔިތުންނަށް ދަށްކާއި ކަށަވަރުކޮށް ދިނުމެވެ. ފަހެ ދަންނާށެވެ! މިތެޅުވުން ގަނޑަކީ، ރޭވިގެންހިންގާ ރައްޔިތުންގެ ލޮލުގައި އަޅުވާ ދަޅަގަދަ އަނދުނެކެވެ. ރައްޔިތުން އެކުޅިވަރަށް މުޑިނަގައިގެން ހެވިފައި ބަލަންތިބެން ވީއެވެ. ކިހާރީތިތޯއެވެ؟ ފަހެ، ﷲގެ ކުޅަދުންވަންތަ ކަމުންނާއި ގުދުރަތުގެރޭވުން މޮޅުކަމުން، ބައެއްކަންތައް ފެއިލްކޮށް ލައްވައި ރައްޔިތުންނަށް ނަސްރުލިބޭ ފަހަރު، މެދުވެރި ކުރައްވަނީއެވެ. އަޅުގަނޑުގެ ލިޔުން ތަކުގަޔާއި ބޮޑުމަޖިލީހުގެ ތަޅުމުގައި، އަޅުގަނޑުގެ ވިސްނުން އަބަދުވެސް އަމާޒުކުރެވިފައި ހުންނާނީ، މިމިސްރާބަށެވެ. ރާއްޖޭގެ މިވެރިކަމުގެ ވަރަށް ކުރީކޮޅު، 1980މ. ގައި އުފެދިގެން ހިނގައިގަތް އިސްލާހީ ހަރަކާތުގެ މުގާބިލުގައި ވެރިކަމުގެ ފަރާތުން ހިންގަމުން ގެންދިޔަ ވަހުޝީ ޢުދުވާން ތަކަށް، ވިސްނާއި ނަޒަރު ކުރުމުން މިކަމުގެ ހެކިތައް ވަރަށް ރީއްޗަށް ސާފުކޮށް ފެނެއެވެ. މިބާރުތަކުން މުޅިންވެސް ދަށްކުވައި ދީފައިވަނީ، ރައީސް މައުމޫނަށް ހަމްދަރުދީއާއި މަދަދެވެ. ބޭރުފުށުން ފެންނައިރު، ވަރަށް އިދިކޮޅުވެގެން އުޅޭތަން ފެނެއެވެ. ސިޔާސީ އަމަލުތައް ބަހައްޓަނީ، އިދިކޮޅު ލީޑަރުންގެ ގޮތްވަރަށް ގަދަޔަށް ބޭރުފުށުން ދަށްކައި ގެންނެވެ. ހަގީގީ އިދިކޮޅު ލީޑަރުންނަށް ވުރެ، އެމީހުންގެ މަންޒަރުތަކާއި ސިފަތައް ހުންނަނީ، މާކުރީގައެވެ. ރައްޔިތުންނަށް ހަގީގަތްވަނީ، ރީތިކޮށް އޮޅުވާލާފަ އެވެ.
ފަހެ، ދަންނާށެވެ! ރައްޔިތުންނަށް ބޭނުންވަނީ، ވަކިއަތަކަށް ނުޖެހި، ވަކިއަތަކަށް ބުރަނުވާ، އިޚްލާސްތެރި ވަރަށްސާފު ދުރުމި އެކެވެ. މިފަދަ ސާފު ލެންސެއްގެ އަހުލުވެރި، އިޚްލާސްތެރި އެކެވެ. ވިޔަފާރީގެ އެދުމެއްނެތް އިޖްތިމާޢިއްޔަތަށް ލޯބިކުރާ މީހެކެވެ. ވިޔަފާރިވެރީންގެ މިއިން ބާރަކަށް ނުލެނބި، ދަށުނުވެ ހުރެ، ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދޭނެ ވަރަށްކެރޭ ސިޔާސީގޮތުން ތަޖުރިބާހުރި ލީޑަރެކެވެ. އަބަދުވެސް ދައުލަތް، އެންމެ އިސްކޮށް ކުރިޔަށް ނެރެ، އުފުލާނެ ކުޅަދާނަ ވިސްނުންތެރި ސިޔާސީ މުފައްކިރެކެވެ. އަމިއްލަ އެދުމަށްވުރެ ގައުމީ މަސްލަހަތު އިސްކުރާނެ ހޭލުންތެރި އެކެވެ. ރައްޔިތުންގެ ހައްގު މުދަލުން މުއްސަނދި ވެފައިނެތް ތާހިރު ފުދުން ތެރިއެކެވެ. އަމިއްލަ މާއްދީ ކަންކަމަށް ނުބަލައި އެންމެންގެ ރޫހާނިއްޔަތާއި މާއްދިއްޔަތު އިސްކުރާނެ ވެރިއެކެވެ. އެއްގޮތަކަށް ވެސް ރައްޔިތަކަށް އަނިޔާވެރި ވެފައިނުވާ އަމިއްލަ ފަސްބައި ރީތިމީހަކަށް ވާންޖެހޭނެއެވެ. ރައްޔިތުންގެ ލޯތްބާއި ހަމްދަރުދީ ލިބޭނީ، މިފަދަ ހައިބަތާއި ޚާއްސިއްޔަތު ހުންނަ މީހުންނަށްކަން ކަށަވަރެވެ. ފަހެ ދެކެދެނެތިބެ ދަންނާށެވެ! ފައިސާބަހައިގެން މިފަދަ ރޫހާނީބާރެއް އެކުލެވޭ ލީޑަރުންނަކަށް ނުވެވޭނެއެވެ. ފަސްޕަސެންޓް ދީގެން ރައްޔިތުންގެ ކުލުނާއި ލޯތްބެއް ނުގަނެވޭނެއެވެ. މިލްކެއް ނުކުރެވޭނެއެވެ. ފަހެ، ވެރިކަމަކީ، އާދަޔާޚިލާފު ޖާޒިބިއްޔަތެއް ފޮރުވިފައި އޮންނަ ކަމެކެވެ. މީހާގެ އީމާންކަމާ، ލާމެހިފައިވާ ކަމެކެވެ. އެކަމާގުޅިފައި ވަނީ، ލީޑަރުގެ މިޒާޖާއި ޝަޚްޞިއްޔަތާއި ރޫހާއެވެ. ފަހެ، ކޮންމެ ކޮންމެމީހަކީ، ރައްޔިތުންގެ ކުލުނާއިލޯބި މިލްކުކުރެވޭނެ މީހެއްނޫނެވެ. ވެރިކަމަށްޓަކައި ރައްޔިތުންގެ ހަގީގީ ލޯބިހޯދޭނި، ވަރަށްމަދު ލީޑަރަކަށެވެ. އެފަދަ ލީޑަރުން ފެނުމުން، ހިތުންރުހުމުން ރައްޔިތުންބަލައި ގަންނާނެއެވެ. ދެނެގަންނާނެ އެވެ. އަދި، ރުހުމާއިލޯބި ހިތުގެ އަޑިން ދޭނެއެވެ. އިޚްތިޔާރާއި ބޭއިޚްތިޔާރުގައި އޮޓަމެޓިކުން ލޯތްބާއި ރުހުން މިލްކުކުރާނެ އެވެ. އާދެ! ފަހުން އެމީހަކު ގަދަބާރުން ރައްޔިތުންނަށް ފަސާދަވެ އުރެދުމަކީ، މުޅިން އެހެން ބާބެކެވެ.
ދެން ފަހެ، ދަންނާށެވެ! މިހާތަނަށް މިރާއްޖޭގެ ވެރިކަން ކުރެއްވި މީހުންނަށް ބަލާއިރު، މިކަން ވަރަށް ރަނގަޅަށް ސާބިތުވެއެވެ. ރައީސް މުހަންމަދު އަމީންދީދީ ވެރިކަމަށް ވަޑައިގަތީ، ފައިސާގެ ނުފޫޒަކުން ނޫނެވެ. ރައީސް އިބްރާހީމް ނާސިރު ވެސް ވަޑައިގަތީ، ފައިސާގެ ނުފޫޒަކުން ނޫނެވެ. އަދި ރައީސް މައުމޫނު ވެސް ވަޑައިގަތީ، ފައިސާގެ ބާރަކުން ނޫނެވެ. ރައްޔިތުންގެ ކުލުނާއި ލޯތްބާއި ހަމްދަރުދީގެ ހިޔަލުގަ އެވެ. ވެރިކަމަށް ރައްޔިތުން ވޯޓުދެނީ، ލީޑަރުގެ ޠަބީޢަތާއި ޝަޚްޞިއްޔަތަށެވެ. އެނާގެ ހަށިގަނޑާއި ޠަބީޢަތުގައި އެކުލެވިފައި ހުންނަ ތާހިރު ސާފުސިފައަށެވެ. އެނާއަތުގައި ހުންނަ ފައިސާއާއި މުދަލަކަށް ނޫނެވެ. ވެރިކަމަކީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތަކަށް ހޮވުމައި ވަރަށް ތަފާތު ކަމެކެވެ. ރައްޔިތުންގެ ހިތްތަކުގައި މުޅިން އެހެން ހައިސިއްޔަތެއް ދެވިފައިވާ މާގަދަރުވެރި ދަރަޖައެކެވެ. ފަހެ ދަންނާށެވެ! އެމްޑީޕީން ރިޔާސީ ކެނޑިޑޭޓް- 2008 ހޮވުމަށް ބޭއްވި ތަމްހީދީ އިންތިޚާބުން ވެސް މިކަން ވަޒަންކޮށް ލެވުނެވެ. އެމަންޒަރު ފެނިގެން ދިޔައެވެ. ލ.އަތޮޅު މެންބަރު އަލްފާޟިލް ރީކޯ މޫސާމަނިކަކީ، މީހުންގެ ގާތުގައި މަގްބޫލް ޕާލަމެންޓޭރިއަނެ ކެވެ. ކުޅަދާނަ ބަރުލަމާނީ ސިފަތައް އެކުލެވިފައިވާ ޝަޚްޞިއްޔަތެ ކެވެ. ހަލުވިކޮށް އަނގަތަޅާއި ވާހަކަދެކެވޭ ބޭފުޅެކެވެ. އެހެނަސް ގައުމުގެވެރިކަމާ އޭނަޔާ ގުޅުވަން ޖެހުމުން ގިނަބަޔަކު ފަހަތަށް ޖެހުނީއެވެ. އެމެރިކާގެ ކުރީގެ ރިޔާސީ އިންތިޚާބަކަށް ނަޒަރުކޮށް ލާއިރު، ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލެއްވި މިސްޓަރ ޖޭސީ ޖެކްސަނަކީ، އޭނާގެޕާޓީން ވަރަށް ބޮޑަށް ތާއީދު އޮހެމުންދިޔަ ބޭފުޅެކެވެ. ނިޔޫޔޯކް ޓައިމްސް އިން 1988 ކީ، “ޖެކްސަންގެ އަހަރު” ކަމުގައި ސިފަކުރިއެވެ. އަދި، މުޅިއެމެރިކާގައި ނެގުނު ޚިޔާލީވޯޓުތަކުގެ ނަތީޖާތަކުން ވެރިކަމަށް ކުރިމަތި ލެއްވުމަށް، ހޮވޭނެކަމަށް ދެއްކި ބޭފުޅެކެވެ. އެހެނަސް ވޯޓު ދިނުމުގައި ހަމައެކަނި ކަޅުމީހަކަށްވަތީ، އޭނަޔާ އެމެރިކާގެ ވެރިކަމާ ގުޅުވުމުން ރައްޔިތުން ފަހަތަށް ޖެހުނީއެވެ. ޕާޓީގެ ކެންޑިޑޭޓަކަށްވީ، މިސްޓަރ މައިކަލް ޑުކާކިސް އެވެ. ވަރަށްކުޑަ ފަރަގަކުންނެވެ. ފަހެ، މިއަހަރު 2008މ. ގައި ފެނިގެން މިދަނީ ވެސް، ހަމަކުޅުމީހެއް ކަމުގައިވާ މިސްޓަރ ބަރަކްއޮބާމާ އެވެ. ވަރަށްތާއީދު އޮތްބޭފުޅެކެވެ. ޕާޓީންވަނީ، ވަރަށް ވާދަވެރިކޮށް ކުރެވުނު ކެންޕޭނަކުން ކާމިޔާބު ހޯއްދަވާފައެވެ. އެމެރިކާގެ ފިރަތަމަ އަންހެނާކަން ކުރެއްވި، އަންހެންބޭފުޅަކު ބަލިކުރައްވާފައެވެ. މުޅިއެމެރުކާގައި ނެގޭވޯޓަށް ވާގޮތެއް ދިރާސާގައި ބާއްވަމާ ހިންގަވާށެވެ. ފަހެ، އޮނަރަބްލް ޔާމީނު އަބްދުލްގައްޔޫމާއި އޮނަރަބްލް ގާސިމް އިބްރާހީމް ވެރިކަމަށް ނުކުންނެވިޔަސް ވާނީ، ހަމައެހެންނެވެ. އަމުދުން އޮނަރަބްލް އިލްޔާސް އިބްރާހީމް ވަނީ، އޯގަސްޓް 12،13 ގައި ފެއިލް ވެފައެވެ. ރައްޔިތުން އަރައިގެންތިބި ފައިވާންތަކުން ހަޑިނަމަކާ އެކު، މަރްހަބާ ކިޔާފައެވެ. ވެރިކަމާ އެމީހުންނާ ގުޅުވަން ޖެހުނީމާ ފަހަތަށް ޖެހިލާނެ ރައްޔިތުން ބައިވަރު ތިބޭނެއެވެ. ފަހެ، ޔާމީނާއި އިލްޔާސާއި ގާސިމަކީ، ރައިސް މައުމޫނުގެ މަގު ފުރެދިފައިވާ ސަރުކާރުން ނާޖާއިޒު ފައިދާތައް ނަގާފައިވާ މީހުންކަމުގައި ވާތީއެވެ. އެމީހުންގެ މާޒީއޮތީ، މިހާރުގެ ވެރިކަމާގުޅި މުޑުދާރުވެފައެވެ. ހަޑިވެފައެވެ. ފޭރާންވަނީ ދާވެ، މިލަވެފައެވެ. ތަތްތެޅިފައެވެ. ހަމައެކަނި ރައީސް މައުމޫނުގެ ފަސާދައިގެ ބައިވެރިންނަށް ވީތީ، އެހިސާބުންވެސް ފެއިލްވާނެއެވެ. ކުރީގެ ދެބަންޑާރަ ނައިބުން ކަމުގައިވާ ޑޮކްޓަރ މުހަންމަދު މުނައްވަރާއި ޑޮކްޓަރ ހަސަންސަޢީދަށް ވެސް ޖެހޭނީ މިދަތުރެވެ. ހަސަނު އޭނާގެ ލޮބުވެތި ބޭބެއާ ގުޅިގެން ލިޔުއްވި، އިސްލާމްދީނުގައި މިނިވަންކަމާއި މުރުތައްދު ވުމާބެހޭ ފޮތަކީ، ހަގީގަތުގައިވެސް ވިސްނާލަންޖެހޭ ފަދަ ފޮތެކެވެ. އަދި ހަސަނުގެ މޭސްތިރިކަމުގެ ދަށުން ދިވެހީންނަށް ތަޢާރުފް ކުރެވިގެންދިޔަ އާގާނޫނުލް އުގޫބާތަކީ ވެސް ވިސްނާލަން ޖެހޭއެއްޗެކެވެ. މިދެކަމާ ގުޅިގެން، އެންމެ މަތީމަޖިލީހުން ބަހެއް އޮންނަންވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. ފަހެ، ރައީސް މައުމޫނު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އޭނާގެ ޅިޔަނު، އިލްޔާސް ހުންނެވީ، ވެރިކަމުގެ ރަހަލާ ހިސާބުގައެވެ. ރައީސް މައުމޫނުގެ ވެރިކަން ވަރުގަދަ ކުރުމުގެ މަގްސަދުގައި އެންމެ ފުރަތަމަ އެޅުއްވި ފިޔަވަޅަކީ، ގާނޫނު އަސާސީއައި ޚިލާފަށް ހަތިޔާރު އެތެރެކޮށް އޭގެބޭނުން ހިއްޕެވުމެވެ. ކުރިން ހުންނެވި ރައީސް އިބްރާހީމް ނާސީރާ ދޭތެރޭގައި ހައްގުނޫން ތުހުމަތުތަކެއް އަމިއްލަފުޅަށް އީޖާދުކޮށް، އެތައް އޮޅުވާލުން ތަކެއް ރާވައިގެން ހިންގިއެވެ. ކުރިން ދެންނެވި ދެބާރުންވެސް ގެންދިޔައީ، ރައީސް މައުމޫނަށް ހިތްވަރާއި މަދަދުދީ، ވެރިކަން ބަދަހިކޮށް ދުޅަހެޔޮކޮށްދީ ވަރުގަދަކޮށް ދެމުންނެވެ. ޚާއްސަކޮށް އެންދެރި ކޭންޕުން ގެންދިޔައީ، ވަރަށް ދުރާލައި ވެރިކަމާ އަމާޒުކޮށްގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމަށް ފަހިވާނެ ގޮތަށް އެތައް ރޭވުންތަކެއް ރާވަމުންނެވެ. ބާރުގެ ގޮތުންނާއި ފައިސާގެ ގޮތުން ވަރުގަދަ ކުރަމުންނެވެ. މުދާ އެއްކުރަމުންނެވެ. ނުވިތާކަށް ސިހުރު ހާހޫރަވެސް ބޭނުން ކުރެއެވެ. ނިއޫ މޯލްޑިވްސްގެ ތިންބެއިން ސަރުކާރުގެ އިސްމަގާމް ތަކުގައި ތިއްބެވިއިރު، މިމީހުންގެ ކިބައިން ފިލާވަޅު ލިބިގެން މިފަދަ ފަސާދަ ކަންތައްތައް ރާވާއި ހިންގާފައި ވެއެވެ. އެމީހުންނާ ގުޅުންހުރި ބައެއްފަރާތް ތަކަށް މަތީމަގާމު ހޯދައިދިނުމާއި ބައެއް ސިޔާސީ ކުށްވެރިން ސިއްރު ރޭވުންތަކުގެ ދަށުން މިނިވަންކުރުމާއި ސިޔާސީ ޕާޓީތަކާއި ބޭރުގެ ބައެއް އެންބެސީތަކައި ސިއްރުގުޅުން ގެންގުޅުން މީގެ ތެރޭގައި އުސްއަލީގެ ގޮތުގައި ހިމެނެއެވެ. އަދި، ފާހަގަ ކުރެވެއެވެ. ފަހެ، ގާސިމު ސައުދާގަރެއްގެ ގޮތުގައި ނެރެދެއްކީ، އެންދެރި ކޭންޕުގެ ހިތްވަރާއި މަސައްކަތުން ނެވެ. ފަހެ އިލްޔާސްގެ ބުއްދިޔާއި ރޭވުމުންނެވެ. މާދުރާލައި އެމްޑީޕީ ހަރަކާތް ވުޖޫދަށް ގެނައުމުގެ ތަރެއަށް ގާސިމު ވެއްދީވެސް އެންދެރި ކޭންޕުގެ ވިސްނުމުން ނެވެ. މިނިވަން ބަހުސްތަކަށް ގާސިމު ނެރުނީވެސް އެމީހުންގެ ވިސްނުމާ އެކުގައެވެ. ދެންމެ ދެންމެ އެމްޑީޕީއަށް ސޮއިކޮށްފާނެ ކަމުގެ ދަޅަދެއްކުވީ ވެސް އެވިސްނުމުގެ ދަށުންނެވެ. ސަރަންދީބަށް ދަތުރުކޮށް އެތަނަށް އަރުވާލެވިގެން ތިބި ސިޔާސީ ދިވެހީންނައި ބައްދަލުކޮށް ރޭވުންތަކެއް ރޭވިއެވެ. އަދި އެހަރަކާތްތައް އެމީހުންގެ ވިސްނުމާ އެއްގޮތަށް ކާމިޔާބު ނުކުރެވުމުން، ފުނޑުފުނޑު ކޮށްލީވެސް އެކޭންޕުގެ ވިސްނުމާއި ރޭވުމުގެ ދަށުންނެވެ. އެމްޑީޕީގެ ފުރަތަމަ އިންތިޚާބަށް ހެސްކިޔާފަ ނުފޫޒު ފޯރުވިއެވެ. ނުހުރެވިގެން ގޮސް އެމްޑީޕީގެ ފުރަތަމަ ކޮންގުރެސް ބޭއްވި ދަރުބާރު ގޭގެ ދޮރާށިދޮށަށް، އެންމެ ހައްސާސީ ވަގުތުކޮޅު ކަމުގައިވާ ވޯޓުނެގުމުގެ ހިނދުކޮޅުގައި، ގާސިމު ޒިޔާރަތް ކުރެއްވިއެވެ. މިހާރު “ޖުމްހޫރީޕާޓީ” ގެ ނަމުގައި އާސިޔާސީ ޕާޓީއެއް ނެރުނީވެސް ހަމަ އެވިސްނުމުގެ ދަށުންނެވެ. ފާހަގަކުރެވޭ ގޮތުގައި އެޕާޓީއަށް މިހާތަނަށް ސޮއިކޮށްގެން ތިއްބެވި އިއްޒަތްރެތި މެންބަރުންނަށް ނަޒަރުކޮށްލާއިރު ގިނައީ، މިއަންނަ 2009ގެ އާންމު އިންތިޚާބުގައި އެޕާޓީން ޚަރަދުކޮށް ދީގެން މަޖިލީހުން ގޮނޑިއެއް ލިބޭނެކަމުގެ ފޮނި އުންމީދުގައި ސޮއިދީގެންއުޅޭ މީހުންނެވެ. ފަހެ، އެބޭފުޅުންނަކީ، ގާސިމު ލީޑަރަކަށްދެކި ރުހިގެން، އޭނާދެކެލޯބިން ސޮއިދިން ބައެއްނޫނެވެ. ހަގީގީ ލީޑަރުންނަށް ވެވޭނީ، ފައިސާގެ އެދުމެއްނެތި އެމީހަކަށް އެހެންމީހުން ގުބާންވާން ތައްޔާރު ވުމުންނެވެ. ފަހެ، ދަންނާށެވެ! މިކަންކަމަށް ކާމިނީގޭ ކޭންޕުން ޚާއްސަ ސަމާލުކަމެއް ދޭންފެށީ، ޔާމީނު ކިޔަވާ ވިދާޅުވެ ނިމިގެން ވަޑައިގެންނެވި ފަހުންނެވެ. އޭގެ ކުރިން ހުންނެވީ، އޮނަރަބްލް އަބްދުﷲ ހަމީދެވެ. އޭނާ، މިކަހަލަ އެއްވެސް ސިޔާސީ ވިސްނުންފުޅެއް ނުގެންގުޅުއްވަ އެވެ. އޭނާއަކީ، ވަރަށް ސާދާބޭފުޅެކެވެ. އެމަނިކުފާނުގެ ސީދާ އަމާޒަކަށް ހެއްދެވީ، މޮޅަށް ދަރީން ތަރުބިއްޔަތު ކުރުމާއި ލޮބުވެތިބޭބެ ކަމުގައިވާ ރައީސް މައުމޫނުގެ ސަރުކާރު ގިނަދުވަހަށް ދެމިގެންދާނެ ގޮތަށް ހަރުދަނާ ކުރުމަށެވެ. ޚާއްސަކޮށް ރާއްޖެތެރެއަށް އަމާޒުކުރެވި ގެންނެވެ. އެކިނަން ނަމުގައި ނާދީތައް ރާއްޖެތެރޭގައި އުފައްދައި ގެންނެވެ. ރަށްރަށުގެ އަޝްރާފުންނާއި ބޮޑުން އަޅުވެތިކޮށް ގެންނެވެ. މިހާރު އިވެނީ، ފަގީރުކަން ނައްތާލަން އުޅޭ ސިޔާސީޕާޓީ އެއްގެ އަޑެވެ. ފަހެ، މިރޮނގުން އެންދެރި ކޭންޕައި ވާދަކުރަން ދުރާލައިގެން އާވިސްނުމަކާ އެކު ފެއްޓެވީ، ކާމިނީކޭންޕުން ކަފިވި، ޔާމީނުގެބާރު ބާރަކަށް ވުމުންނެވެ. ފަހެ ޔާމީނަކީ، ކިޔަވައިގެން ހުރިތޫނުފިލި މީހަކަށް ވާތީ، އޭނާގެ ބާރު މާއްދީގޮތުން ބާރަކަށް ވެގެންދިޔައީ، އެންދެރި ކޭންޕުގެ ބާރާއި ނުފޫޒަށްވުރެ ހަރުދަނާ ކޮށެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ދިވެހި މުޖްތަމަޢަށް އެތައް ސައުދާގަރުންނެއް އުފައްދައި ނެރެދެއްކެވި އެވެ. އެއް ގާސިމުގެ ބަދަލުގައި ތިންހަތަރު ގާސިމު ނެރެދިނެވެ.
ފަހެ ދަންނާށެވެ! މިހާރު ފެންމަތި ވެގެން މިއުޅޭ ސިޔާސީ ކޮޅިގަނޑަކީ، ނުވަދިހައިގެ އަހަރުތަކުގައި، މިކަން މިގޮތަށް ހިނގާނެކަމަށް ލަފާކުރެވިފައިވާ، ވާދަވެރިކަމުގެ ފިނިހޫނު ހަނގުރާމަ އެކެވެ. އަޅުގަނޑުގެ ދޫނިދޫޖަލުގެ ޑައިރީގައި މިކަންތައް މިގޮތަށް ލިޔެވިފައި އެބަހުއްޓެވެ. ފަހެ، މިހާރު މިފެންނަ ތިންބާރަކީ، ހަމަ ކުރިންވެސް އޮތް، ތިންބާރެވެ. ވަކި އާބާރެއް ނޫނެވެ. އާކަމެއްނޫނެވެ. ނިއޫ މޯލްޑިވްސްއާއި މާލޭގެ މެންބަރު އަލްފާޟިލް އިބްރާހީމް އިސްމާޢީލް (އިބުރާ) ގެ ސޯޝަލް ލިބަރަލްޕާޓީ އަކީ، ދިގުތާރީޚަކާއި ބާރެއްއޮތް ބައެއްނޫނެވެ. ބޮޑެތި ބާރުން ބަލަހައްޓާ ކުދިންނެވެ. ފަހަތުގައި އަދިތިބީ، ވަރަށް މަދުމީސްކޮޅެކެވެ. ބޮޑެތި ބާރުތަކަށް ކޮންމެވެސް ގޮތަކުން މިވެރިންގެ ބަލަދު އަރައެވެ. އިބުރާ ރައްޔިތުންގެ އަތްމަތީގައި އުރާލައިގެން ގެންގުޅުނު ދުވަސް ފާއިތު ވެއްޖެއެވެ. ހަގީގަތްވަނީ ރައްޔިތުންނަށް ފަޅާއަރާފައެވެ. ފަހެ، ދަންނާށެވެ! ބޮޑެތި ބާރުތަކުން ސިޔާސީ ޕާޓީތަކެއް ސިފައިގާ ރައްޔިތުން ތެރެއަށް ނުކުންނާނެ އެވެ. އެހެނަސް އެވާނީ ހަމަ އެއަށެވެ. ރައްޔިތުން ތިބީ ހޭއަރައެވެ. ހޭލައެވެ. ވިސްނައިގެން ނެވެ. މިބާރުތަކުގެ ހަގީގަތް ފަޅާއަރާނީ އަދި ފަހުންނެވެ. އަދި އޮތީ، ރައީސް މައުމޫނުގެ ފުލް ކޮންޓްރޯލްގެ ދަށުގައެވެ. ޗީފްކޮމާންޑަރަކީ، ހަމަ ރައީސް މައުމޫނެވެ. ފަހެ، އޭގެ އެންމެ ވަރުގަދަ ހެއްކަކީ، ޔާމީނަށް ފާޅުގައި ޕާޓީއެއް އިއުލާނުކުރަން ކެރިވަޑައި ގެންނެވިއިރު، ގާސިމަށް ފާޅުގައި ޕާޓީއެއް އިއުލާނު ކުރަން ނުކެރި، އޭނާގެ ފަހުލަވާނުން ލައްވާ ޕާޓީއެއް އުފެއްދުމަށް، ސިޔާސީ މައިދާނަށް ނެރުއްވި ކަމެވެ. ރައްޔިތުންގެ ވިސްނުމާއި ބާރަކީ، އެމީހުންނަށް މެޓާ ކަމުގައިވެ، ފޮނިރަހަ ލިޔަސް ރައްޔިތުންގެ ޒަމީރަކީ، އެހާއަގުދަށް އެއްޗެއް ނޫނެވެ. ފަހެ، އެންމެމީހަކު ތަމްސީލު ވެގެންދިޔަ އަމީންދީދީ އުފެއްދެވި މުތަގައްދިމް ޕާޓީގެ އޮފީސްހުރި، ހެންވޭރު އަތިރީގޭގައި ގަނޑުވަރެއް ކޮޅަށް ޖަހާލައި ސަރުކާރުން ފައިސާގެ ތަނަވަސްކަން މެދުވެރިކޮށް ދިނީމާ، ސިޔާސީ ޕާޓީއެއްގެ ނަމުގައިނުކުމެ ރައްޔިތުންނަކީ ފޮނިމެޓާ ގަނޑެއްކަމުގައި ސިފަކުރުމަކީ، ރައްޔިތުންނަށް ގޮންޖެހުމެވެ. ރީތިމަލާމާތް ކުރުމެކެވެ. އެއީ ޖުމްހޫރީޕާޓީން އަމިއްލައަށް ލިބިގަތް ހުތުރު ލައުނަތެކެވެ. ބޮޑުކޮށް އަސަރުކުރާނެ ކަމެކެވެ. ފަހެ ރައްޔިތުން ވިސްނަން ޖެހޭ ހަގީގީ ޕޮއިންޓްތަކަކީ، މިއެވެ. އަދި ސަމާލު ވާންޖެހޭ މުހިންމުނުކުތާ ތަކަކީ، މިއެވެ. ފައިސާ ހުރިއްޔާ ޕާޓީތައް ނަގާކޮޅަށް ޖެހިދާނެއެވެ. އެހެނަސް ރައްޔިތުންގެ ހިތްތަކެއް ގަނެއެއް ނުލެވޭނެއެވެ. ރައްޔިތުންގެ ވިންދަކާ ކުޅެއެއް ނުލެވޭނެއެވެ. ރައްޔިތުންގެ ލޯތްބާއި ރުހުން ގަނެއެއް ނުލެވޭނެއެވެ. ގިނަ ރައްޔިތުންގެ ތާއީދެއް ނުހޯދޭނެއެވެ. ބޮޑަށްގާތީ ފަޟީޙަތްވުމާއެވެ.
ފަހެ، ދަންނާށެވެ! މިދެކޭންޕުގައި ވެސް އޮތީ، ރައްޔިތުންގެ މިލްކިއްޔާތާއި ރައްޔިތުންގެ ފައިސާކަން ރައްޔިތުން ރަނގަޅަށް ދަނެއެވެ. އެފައިސާގައި ރައްޔިތުންގެ ހިއްސާވާހާ ހިނދަކު، އޭގެބޭނުން ރައްޔިތުން ހިފަން ޖެހޭނެއެވެ. ލަދުގަންނާކަށް ނުޖެހެއެވެ. ދީނީގޮތުން ބިރުގަންނާކަށް ނުޖެހެއެވެ. ހޯދުނު ގޮތަކަށް ހޯދާއި ލިބުނު ގޮތަކަށް ލިބިގަންނަން ޖެހޭނެއެވެ. ފަހެ، ދެކެދެނެތިބޭށެވެ! ރައްޔިތުން ރައްޔިތުންގެ ޚާދިމު މީހާއަށް ހަދާނީ، ގިނަރައްޔިތުންގެ ލޯތްބާއި ރުހުމާއި ހަމްދަރުދީ ލިބިގެންވާ ރައްޔިތުންގެ ފައިސާއާއި މުދަލުން އެމީހެއްގެ ފަސްބައި އެއްގޮތަކަށް ވެސް ހަޑިވެފައިނެތް، އަދި ކިނލަބުވެފައި ނެތް އެންމެސާފު މީހާކަން ދަންނާށެވެ. ވިޔަފާރި ކުރާ، ވިޔަފާރިވެރިން ނަކީ، އަމިއްލަ ފައިދާ އިސްކޮށް ހުރިހާކަމެއް އަމިއްލަ އެދުމުގައި ކުރާނެ ބައެކެވެ. ވެރިކަމަކީ، އެންމެންގެ އެދުންތަކަށް އިސްކަންދީގެން ހަމަހަމަގޮތުގައި ރައްޔިތުން ގެންގުޅެ، ބަލަހައްޓައި ދިނުމެވެ. ވެރިކަމަކީ، ޠަބީޢީގޮތުން ވެސް ވިފާރިވެރިންނާ ގުޅޭކަމެއް ނޫނެވެ. ފަހެ، ﷲ އަޅަމެން ދިވެހި ރައްޔިތުން ނަށް، ނުބައިރޭވުންތައް ރާވާމީހުން، ވީހާއަވަހަށް ބޭޒާރު ކުރައްވާށިއެވެ! އަދި އެމީހުންގެ ރޭވުންތައް އަބަދާއި އަބަދަށް ނާކާމިޔާބު ކުރައްވާށިއެވެ! އަދި އެމީހުން މިދުނިޔެމަތީގައި ޒަލީލު ކުރައްވާށިއެވެ! އާމީން!