މިބަސްދީގަތުމަކީ، އެޑަމިންޓަން އޮންލައިނަށް ޑީއެމް (ޑައިރެކްޓް މެސެޖް) ކޮށް މެއިލް ސެޝަނަކުން، ނޮވެންބަރ 2016 ގައި އަޅުގަނޑު ދީފައިވާ ޖަވާބުތަކެކެވެ. އެއީ ކޮންފަރާތަކުން ކުރައްވާމަތިވެރި މަސައްކަތެއްކަމެއް، އަދިއެއް އަޅުގަނޑަށް ސައްހަ މައުލޫމާތު ލިބިފައެއްނެތެވެ. އެހެނަސް އެ އޮންލައިނަކީ، އަޅުގަނޑު އިންތިހާއަށް ލޯބިކުރާ އަގުހުރި މަސައްކަތަކަށް ވާތީ، ހިތުގެއަޑިން މަރުހަބާ ކިޔަމެވެ.
ސ، އެކެއް: އިލްޔާސްގެ ކުރީގެ ދުވަސްތަކުގައި، 1990 އިން ފެށިގެން، 2004 އަށް މިނިސްޓްރީ އޮފް އެޓޮލްސް ގައި އުޅުނު ދުވަސް ވަރުން ފެށިގެން ފެނިފައި ވަނީ، ވަރަށް ހަރަކާތްތެރި ސިޔާސީ މީހެއްގެ ގޮތުގައެވެ. އެހެނަސް ރައީސް ޔާމީނު ވެރިކަމުގެ ބާރަށް ވަޑައިގެންނެ ވުމަށް ފަހު، ދިވެހި ސިޔާސަތުގެ ތެރެއިން އިލްޔާސް ފެނިގެން ދަނީ ވަރަށް ފަނޑުކޮށެވެ. އަދި ވެސް އިލްޔާސަކީ، ސިޔާސީ މީހެއްތޯ އެވެ؟ އަދި އިލްޔާސް ގަބޫލުކުރައްވާ ގޮތުގައި އިލްޔާސަކީ، ސިޔާސީ ގޮތުން ފެންވަރު ހުރި ސިޔާސީ މައިދާނެއް ދެއްކިދާނެ ގާބިލްކަން ހުރި ސިޔާސީ ލީޑަރެއް ކަމުގައި ގަބޫލު ކުރައްވަންތޯ އެވެ؟
ޖ، އެކެއް: އާދެ! ގުރެޖުއޭޓު ވުމަށް ފަހު، 1984 ވަނަ އަހަރު ދިވެހިރާއްޖެއަށް އައިގޮތަށް، 2013 ވަނަ އަހަރު، ރައީސް ޔާމީނު ވެރިކަމަށް އަރުއްވައި ސަރުކާރުން ކަނޑާލައްވަން ދެން އަޅުގަނޑު އުޅުނީ، ގައުމީ ޚިދުމަތްކުރުމަށް ދިވެހިދައުލަތުގެ ސަރުކާރުތަކުގަ އެވެ. 2008 ވަނަ އަހަރު އިންތިޚާބުވި އާސަރުކާރައި ހަމައަށް ގިނަދުވަސް ތަކުގައި ދައުލަތުގެ ވަޒީފާ އަދާކުރީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނު ގައެވެ. އެއަށް ފަހު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަނުގެ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަގާމުގައެވެ. ފަހުން، މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ. ދެން އެއަށް ފަހު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސިކިއުރިޓީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ ޝަރަފުގައި ހުރީމެވެ.
އާދެ! 2013 ގައި ރައީސް ޔާމީނު ވެރިކަމަށް އަރާވަޑައިގެން އޭނާ އައި ފިކުރީގޮތުން ޚިޔާލުތަފާތު މީހުން ސަރުކާރުން ކަނޑާލިއިރު އަޅުގަނޑު ހުރީ، ބަނގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި މިނިސްޓަރެއްގެ މަގާމުގަ އެވެ. އެއީ ވަރަށް މަދު މަސް ކޮޅެއްގައެވެ.
އެދުވަހުން ފެށިގެން އަދާ ހަމައަށް ވެސް މިއުޅެނީ، ސަރުކާރު ވަޒީފާއެއް ނެތިއެވެ. ދިރިއުޅެނީ އަމިއްލައަށް މަސައްކަތް ކޮށްގެންނެވެ. އުޅެމުން މިގެންދަނީ، ސަރުކާރާ އިދިކޮޅު މީހެއްގެ ގޮތުގައި ރައީސް ޔާމީނުގެ ސަރުކާރު ޑިމޮކްރަސީގެ ހަމަމަގަށް އެޅުވުމުގެ ސިޔާސީ މަސައްކަތުގައި އިދިކޮޅު ސިޔާސީ ހަރަކާތުގަ އެވެ. ކުރިޔަށް އޮތްތާގައި ވެސް ދިރިހުރިހާ ދުވަހަކު އުޅޭނީ ސިޔާސީ މީހެއްގެ ގޮތުގައި ސިޔާސީ ކަންކަމުގައެވެ. އިދިކޮޅު ހަރަކާތުގެ މަގުމަތީ މުޒާހަރާ ތަކުގައި އަމަލީގޮތުން މިދުވަސްކޮޅު ނުފެނުނަސް އެހެން ހުރިހާ ގޮތަކުން މީޑިއާތައް މެދުވެރިކޮށް ކުރެވެން ހުރިހާ މަސައްކަތެއް ކުރުމުގައި އަމަލީ ގޮތުން ހަރަކާތްތެރި ވަމުންދާ މީހެއްގެ ގޮތުގައެވެ.
1970 ވަނަ އަހަރުން ފެށިގެން ކިޔަވަން އުޅުނީ ރާއްޖެއިން ބޭރުގައެވެ. އޭގެ ކުރީގެ ޅަފަތުގެ ދުވަސްވަރު ކިޔެވީ، މަންޓުސޫރީ ސްކޫލްގައާއި މަޖީދިއްޔާ ސްކޫލްގައެވެ. ރާއްޖެއިން ބޭރުން ކިޔެވި ފުތަމަ، 6 އަހަރު ހުރީ ޕާކިސްތާނުގެ ރަށެއް ކަމުގައިވާ ފައިސަލް އާބާދުގަ އެވެ. ދެން އެއަށް ފަހު، ސައުދީ އެރެބިއާގައި ހުންނަ މަދީނާ ޔުނިވަރ ސިޓީގައެވެ. ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން އުޅެން ފަށައިގަތީ، ޕާކިސްތާނުގެ ފައިސަލް އާބާދުގައި ހަރަކާތްތެރިވާ، އަމިއްލަ ޖަމާއަތެއް ކަމުގައިވާ “އަހްލުލް ހަދީސް” ޖަމާއަތުން ހިންގާ ޕްރައިވެޓް ޔުނިވަރ ސިޓީ، ޖާމިއާސަލަފިއްޔާގައި ކިޔަވަން އުޅުނު ދުވަސްވަރު އެވެ.
ޕާކިސްތާނުގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ “ތަހުރީކެ އިސްތިގްލާލް ޕާޓީ” ގެ ފައިސަލް އާބާދުގައި ހުންނަ ކިޔަވާ ކުދިންގެ އޮފީސް ހިންގުމަށް ހަވާލުވެގެން ހުރިއިރުއެވެ. އޭރު އަޅުގަނޑަކީ، އެޕާޓީގެ އެއޮފީހުގެ ސެކްޓަރީ ޖެނެރަލްގެ މަގާމުގައި އެންމެ އިސްކޮށް އެއޮފީހުގައި ހުރި މީހާއެވެ. އެހެންވުމުން އެޕާޓީގެ ފަރާތުން ހިންގާ ހުރިހާ ސިޔާސީ ކަމެއްގައި އަމަލީގޮތުން އިސްކޮށް އަޅުގަނޑު އުޅެންޖެހެ އެވެ. އެދުވަސްވަރަކީ ޕާކިސްތާނުގައި ބޭނަޒީރުގެ ބުއްޓޫގެ ބައްޕަ ޒުލްފިގާރު އަލީ ބުއްޓޫ ސާހިބުގެ ވެރިކަމާ ދެކޮޅަށް ގިނަގުނަ ސިޔާސީ ހަޅުތާލުތަކެއް މުޅި ޕާކިސްތާނުގައި ކުރަމުންދިޔަ ދުވަސްވަރެވެ.
މިމުޒާހަރާ ތަކުގައި ބައިވެރިވުމަށް ކިޔަވާކުދިން ނެރެ ސިޔާސީގޮތުން ހަރަކާތްތެރި ކުރުވުމަށް އަމަލީ ގޮތުން އުޅެން ޖެހުނީ، އަޅުގަނޑު ކަމުން ވަރަށްގިނަ ސިޔާސީ ތަޖުރިބާތަކައި އެއުމުރުގައި ކުރިމަތިލާން ޖެހުނެވެ. ހުރިހާ ސިޔާސީ ހަރަކާތެއްގައި ވެސް ކިޔަވާ ކުދިންގެ ފަރާތުން އެންމެ އިސްކޮށް ފައިސަލް އާބާދުގައި އުޅެންޖެހުނީ އަޅުގަނޑެވެ.
ފަސިންޖަރުން އުފުލާ ސަރުކާރުގެ ބަސްތައް ހުއްޓުވައި މީހުން ބޭލުމަށް ފަހު، އަންދާލުމާއި ބައެއް ވެހިކަލް ތަކުގެ ބިއްލޫރިތައް ތަޅާލުމަކީ، ޕާކިސްތާނުގައި ވަރަށް އާދައިގެ ކަންކަމެވެ. ހަމަ އެފަދައިން ސިފައިންގެ ފަރާތުން ކަރުނަގޭސް ޖެހުމާއި ލާޓީޗާޖު ކުރުމަކީ، ކޮންމެ މުޒާރާއަކުން ތަޖުރިބާ ކުރަންޖެހޭ ކަންކަމެވެ. އެހެންވުމާ އެކު، ސިޔާސީ ގޮތުން ފުރަތަމަ ފިލާވަޅުތަކާއި އަމަލީ ތަޖުރިބާތައް ކޮށް އެތަޖުރިބާތަކަށް އާދަވެ ހޭނެންޖެހުނީ ޕާކިސްތާނުގައި ކިޔެވި ދުވަސްވަރު ޕާކިސްތާނުން ނެވެ.
މިހަރަކާތުގެ އިތުރުން ދިވެހި ކިޔަވާކުދިންގެ މެދުގައި އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ހަރަކާތްތެރި ވާނެ އެސޯސިއޭޝަނެއް ޕާކިސްތާނުގައި ވުޖޫދަށް ގެނެސް ބައިނަލް އަގުވާމީ މުޖްތަމައު އާއި އެކިއެކި ޖަމާއަތްތަކައި ލިޔުމުން ގުޅުން އުފައްދާއި ގިނަ ހަރަކާތްތަކެއް ހިންގުނެވެ. އެގޮތުން ހިލޭލިބޭ އެހީގައި ދިވެހި ބަހުން ފޮތްތައް ލިޔެ، މަޖައްލާތައް ނެރެ، ރާއްޖެއަށް ޕޯސްޓުން ފޮނުވައި ހެދުމުގައި އަމަލީ ގޮތުން އިސްކޮށް އުޅުނީމެވެ. ސައޫދީ އެކިއެކި ޖަމާއަތްތަކުން މިކަންކަމަށް އެހީލިބެމުން ދިޔައެވެ. މިރޮނގުން ގިނަ މަސައްކަތްތަކެއް ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން ކުރެވުނެވެ.
ފަހެ، ސައޫދީންލިބުނު އެހީގައި ދިވެހިބަހަށް ގެނައުމަށް ފަހު، ޗާޕުކުރެވުނު ސައްޔިދު އަބުލްއައުލާ މައުދޫދީ ލިޔުއްވާފައި ހުރި ބައެއްފޮތްތައް ހައްޖު މޫސުމުގައި ދިވެހީންނަށް ބަހާހެދުނެވެ. އޭގެތެރޭގައި ތިންފޮތެއް ހިމެނުނެވެ. އެދުވަސްވަރު އެފޮތްތައް ރާއްޖެއަށް ޕޯސްޓުން ފޮނުވުމުން ސަރުކާރުށް ވަގަށްނަގައި ޑިފެންސް ފޯސް ލައްވައި އަންދާލީއެވެ. އެކުގައި ނައްތާލީއެވެ. ވަރަށް މަދުބައެއްގެ އަތްޕުޅުގައި މިހާރުވެސް އެއިން ބައެއްފޮތް ރައްކާ ކުރުއްވާފައި ހުރުން އެކަށީގެން ވެއެވެ.
އަޅުގަނޑު އަމިއްލަ އަތުން އަލްއަމީރު މުހަންމަދު ނޫރައްދީނަށާއި މަރްހޫމް ސްމާޓް އަލިބެއަށް މީގެފޮތްސެޓެއް ހަދިޔާކުރީމެވެ. މިފޮތްތައް ޗާޕުކޮށް ދެއްވީ ކުވޭތުގައި ހުންނަ ކުރުނަމަކަށް، “އިފްސޯ” ކިޔާ އަމިއްލަ ޖަމްއިއްޔާ އަކުން އެމީހުންގެ ނަމުގައެވެ.
އަދި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ބަޔަކައި އިނގިރޭސިވިލާތުގެ އެމްނެސްޓީ އިންޓަނޭޝަނަލް އައި އެދުސްވަރު ލިޔުމުން ގުޅުން އުފެއްދި ދިވެހިންނަކީ، އަޅުގަނޑުމެން ޕާކިސްތާނުގައި އުފެއްދި ކިޔަވާ ކުދިންގެ ޖަމްއިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ ވާހަކަތައް ސައޫދީ ސަރުކާރަށާއި އެމްނެސްޓީއަށް އަޅުގަނޑުމެން ވަރަށްތަފުސީލުކޮށް ލިޔަމުން ގެންދިޔައިމެވެ.
އަދި އެއަށް ފަހު، ސައުދީ އެރެބިޔާގެ މަދީނާ ޔުނިވަރ ސިޓީން ޕާކިސްތާނުގައި ތިބި ދިވެހި ކުދިންނަށް އަޅުގަނޑުކުރި މަސައްކަތުން، ފުރަތަމަ ފަހަރަށް ލިބުނު ސްކޯލަރޝިޕް ގެދަށުން އެންމެ ފުރަތަމައަށް ލިބުނު ދެ ޖާގައިން އެއްޖާގާގައި އަޅުގަނޑަށް ޖެހުނީ، ކިޔެވުން ސައޫދީ އަރަބިއްޔާގެ މަދީނާ ޔުނިވަރ ސިޓީއަށް ބަދަލުކުރާށެވެ.
ފަހެ، އެޔުނިވަރ ސިޓީގައި ކިޔެވި ދުވަސްވަރު އަމަލީގޮތުން ސިޔާސީ ހަރަކާތެއް ނުހިންގެ އެވެ. ސައޫދިއާގައި އެއީ ޔުނިވަސިޓީތަކުގައި އޮންނަކަމެއް ނޫނެވެ. މަނާކަމެކެވެ. އެހެނަސް އިޖްތިމާއީ ގޮތުން މަޖައްލާތައް ލިޔެ ނެރުމާއި ކެޑޭޓްއާއި ސްކައުޓް ކޭންޕްތައްރާވައި އަމަލީގޮތުން ގޮސް އެކިހަރަކާތް ތަކުގައި ބައިވެރިވެ ވަރަށް ގިނައިން އެފަދަ ހަރަކާތުގައި އުޅެން ޖެހުނެވެ. އެއީ ވެސް އަމަލީގޮތުން އުޅެންޖެހުނު، މުޅިންހެން ސިޔާސީ އަދި އިޖްތިމާއީ ތަޖްރިބާތަކެވެ.
އާދެ! 1983 ގައި ފަސްޓްޑިގްރީ ބެޗިލަރ އޮފް އާޓްސް އައި ހަމައަށް، އެޔިނިވަރސިޓީން ނިންމުމަށް ފަހު ކިޔަވާ ނިމިގެން، އެމެރިކާގެ ސިޓީއެއް ކަމުގައިވާ ކެލިފޯނިޔާ ގައި ދިހަ ވަރަކަށް މަސްދުވަހު ދިރިއުޅުމަށް ފަހު، 1984 ގައި މާލެ އައިތަނާހެން ސަރުކާރުން އެދިގެން ގެންދަވައި އެދުވަސްވަރު މާލޭގައި އަލަށް ހުޅުވި އިސްލާމީ މަރުކަޒުން މުޅިންއާ ވަޒީފާއެއް އޭރުގެ ރައީސް މައުމޫނު ހަމަޖައްސައި ދެއްވައިފި އެވެ.
ފަހެ، އެހިސާބުން ރާއްޖޭގައި އޭރު ކުރެވެމުން ދިޔަ ސިޔާސީ އެންމެ ބޮޑު މަސައްކަތެއް ކަމުގައިވާ ދިގުލައިގެން ދިޔަ ގާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ މަންޒަރު ބަލަން ޖަލްސާ އޮންނަ ދުވަސްތަކުގައި އެޖަލްސާތައް ގަވާއިދުން ފޮލޯކޮށް އަޑުއަހަން ގޮސް އުޅުނީމެވެ.
އަދި އެޖަލްސާތަކުގެ ނޯޓުތައް އަތުން ލިޔެހަދައި އެމަސައްކަތުގައި އުޅެން ފެށުނީ އޮޓޮމެޓިކުން ނެވެ. އެކަމަށް ޝައުގުވެރިކަން އޭރު ކިޔަވައި ނިމިގެން ރާއްޖެ އައިސްތިބި އަޅުގަނޑުމެން ފަދަ ޒުވާނުންނާއި އޭރު މުޖްތަމައުގައި ތިއްބެވި ވަރަށް މަދުން އެކަމަށް ޝައުގުވެރިވާ މުސްކުޅި ބޭފުޅުން ކޮޅެއް އުޅުއްވިއެވެ.
ޒުވާނުން ތެރޭގައި އިސްކޮށް ހުންނެވީ، ކެނެރީގޭ މުހަންމަދު ނަޝީދު، މިހާރު ގޮތުން ރައީސް ނަޝީދު އެވެ. ދުވަސްވީ މީހުންގެ ތެރޭގައި އިސްކޮށް ހުންނެވީ، ކަޅުހުރާގޭ މުހަންމަދު ލަތީފު އެވެ. މިހާރުވަނީ، އަވަހާރަވެފައެވެ. އެމަރްހޫމަށް ސުވަރުގެ ދާއިމަށް ދެއްވާށިއެވެ! އާމީން!
މިބޭފުޅުން ގުޅިލާމެހި، އަޅުގަނޑުމެން އެކަކު އަނެކަކަށް ގުޅި ރަހްމަތްތެރިވެ، ކޮންމެ ދުވަހަކުހެން ރާއްޖޭގެ ސިޔާސީ ވާހަކަތައް ދައްކާއި އެކަމުގައި ކައިބޮއި ބައްދަލުވެ އަމަލީ ގޮތުން އުޅެން ފެށުނެވެ. މި ޓީމަކީ، ގާނޫނު އަސާސީ އިސްލާހު ކުރަމުންދިޔަ ގޮތް ދިރާސާކޮށް މުޖްތަމައުގައި އެއަޑުތައް ފަތުރާއި މަޝްވަރާތައް ރައްޔިތުންނާ ހަމައަށް ގެނެސްދީ ހެދި ޒުވާނުންގެ ހިތްވަރުގަދަ ގްރޫޕެވެ.
މީގެ އިތުރުން އަޅުގަނޑު މެން ގެންދިޔައީ ދުވަހުނޫސް ހަވީރަށާއި އޭރުގެ މަޖައްލާތަކަށް ލިޔަމުންނެވެ. އިސްލާމީ އެންމެ މަތީ މަޖިލިސް އިން ނެރެމުންދިޔަ “އަލްމެމްބަރު” މަޖައްލާ އަށް ގަވައިދުން އަޅުގަނޑު ލިޔަމުން ދިޔައިމެވެ. އަދި ހަވީރު ފަދަ ދުވަހު ނޫސްތަކަށް ލިޔުނީމެވެ. ފަހުން މިގްރޫޕުގައި ހިމެނުނު، ޒުވާނުން އިސްކޮށް ތިބެގެން “ސަންގު” އަދި “ހުކުރު” ފަދަ މަޖައްލާތައް ނެރެން ފެށުމުން އެމަޖައްލާ ތަކަށް ވެސް ލިޔަމުން ގެންދެވުނެވެ.
އަދި ސަރުކާރުން ސަންގު މަޖައްލާ ބަންދުކުރުމުން އަމިއްލައަށް “މަންތިރި” ނަމުގައި، ސިޔާސީ މަޖައްލާއެއް ގޮތުގައި މިނިސްޓްރީ އޮފް އިންފޯރމޭޝަން ގައި “ސިޔާސީ މަޖައްލާއެއް” ގެ ނަމުގެދަށުން ރަޖިސްޓްރީކޮށް ފުތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ މަޖައްލާއެއް ޗާޕުކޮށް ނެރުނީމެވެ. ރާއްޖޭގެ އެއްވެސް ޕްރެސްއަކުން މިމަޖައްލާ ޗާޕުކޮށް ނުދީގެން ޗާޕުކުރީ ސްރީލަންކާގަ އެވެ. އެހެނަސް އެވަރުން ވެސް ނެރެވުނީ އެންމެ އަދަދެކެވެ.
ފަހެ، އެމަޖައްލާ ތަކުގައި ލިޔެވުނު އެފްޕީއައިޑީގެ ކޮރަޕްޝަން ތަކުގެ ވާހަކައާއި އެކަމާ ގުޅިގެން ބަންދުކުރި އިސްފަރާތެއް ދޫނިދޫ ޖަލުގައި ހުރެގެން އޭރުގެ ޑިފެންސް މިނިސްޓަރ އޮނަރަބްލް އިލްޔާސް އިބްރާހީމް އައި ސިއްރުން ވަގަށް ދެއްކެކި، ވާހަކަތަކުގެ ކެސެޓްރޯލް ލީކުކޮށްލި ކަންތަކައި، އަދި މަންރިތި މަޖައްލާގައި އަޅުގަނޑު ލިޔުނު، “ނޮވެންބަރު 3، 1988 ގެ އުދުވާނީ ހަމަލާ މިއޮތްގޮތަށް ތާރީޚު ތެރެއަށް ވަދެ ނިމިގެން ދާނީތޯ؟” މިމަޒްމޫނައި ގުޅުވައިގެން، އެދެ މައްސަލަ ނަގައިގެން ބޮޑު ތުހުމަތުތަކެއް އީޖާދުކޮށް، އަޅުގަނޑުގެ ބޮލުގާ އަޅުވައި ދޫނިދޫ ޖަލަށް ގެންގޮސް ކުޑަގޮޅީގައި ފުރަތަމަ ފަހަރަށް ބަންދު ކުރީ، 1990 ވަނަ އަހަރުއެވެ.
ފަހެ، މިގޮތަށް އޭގެފަހުން ހިނގި ހުރިހާ ސިޔާސީ އިސްކަމެއްގެ ތުހުމަތުގައި އެންމެ ފުރަތަމަ ޖަލަށް ގެންދާ މީހަކަށްވީ ސީދާ އަޅުގަނޑެވެ. ބޮޑު ސިޔާސީ ލީޑަރަކަށް އޭރުގެ ސަރުކާރުގެ ކުރިމަތީގައި އަޅުގަނޑު ހަދައިފި އެވެ. އަދި މިބަންދުގެ ކުރިން ދޭތެރެއަކުން މިނިސްޓްރީ އޮފް ޑިފެންސަށް އަޅުގަނޑު އެއްރެއެއްގައި ހާޒިރުކޮށް އޭރު އެމިނިސްޓްރީގެ ދެވަނަ އާއި ތިންވަނަ ކަމުގައިވާ، އަންބަރީ އަބްދުއް ސައްތާރާއި އިސްތަފާ އިބްރާހީމް މަނިކު ތިއްބަވައިގެން، އަޅުގަނޑު ކިޔެވި ދުވަސްވަރު އެކިމަޖައްލާ ތަކުގައި ލިޔެފައި ހުރި މަޒުމޫނުތަކާ ގުޅިގެން ގިނަ ސުވާލުތަކެއް ކުރެއްވިއެވެ. އަދި އިންޒާރު ދެއްވާއި ބިރު ދެއްކެވިއެވެ. އެރޭދޫކޮށްލީ މިގޮތްގޮތަށް ނުލިޔުމަށާއި މިކަހަލަ އިތުރު ގޯހެއް، އިލްޔާސް ފަރާތުން ނުދެއްކުމަށް އެދި ނަސޭހަތް ދެއްވާފައެވެ. އަޅުގަނޑު މާގިނަ މައްސަލަތަކެއް ނުޖައްސައި އެއާޓީކަލްތައް ލިޔެވުނު ޚިޔާލާއި މަގްސަދު ބުނެދީފައި އެބޭފުޅުންގެ ނަސޭހަތްތައް ގަބޫލުކޮށް، އާދޭހެވެ ދަންނަވާފައި ނުކުމެގެން ގެއަށް އައީއެވެ.
އާދެ! 1994 ވަނަ އަހަރު ތެރޭގައި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ނަމުގައި ރައީސް ނަޝީދު އާއި ކަޅުހުރާގޭ މުހަންމަދު ލަތީފައި އެކު، ރާއްޖޭގައި މައުލޫދުޕާޓީތައް، އަދި އެހެނިހެން އެފަދަ ޖަމާއަތްތައް ރަޖިސްޓްރީ ކޮށްދީފައިވާ ބީދައިން، ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމުގައި އަމަލީ ގޮތުން އުޅު ގިނަމަސައްކަތް ތަކެއް ކުރީމެވެ. އަދި، 2001 ވަނަ އަހަރު، 42 މީހުންގެ ސޮޔާއެކު މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ނަމުގައި ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެނައުމަށް ގިނަގުނަ މަސައްކަތް ތަކެއް އަމަލީ ގޮތުން ކުރީމެވެ. އެފަހަރު އެކަން މަޖިލިސް ތަޅުމުގައި ބަހުސްކޮށްފައި ހުއްދަ ނުދީ ސަރުކާރުން އޮއްބާލައި ނިންމާލީ، ޑޮކްޓަރ މުނައްވަރުގެ އެހީގައި ބޮޑުލަފެއް ނެރެގެންނެވެ. އަދި މިހާރު ވުޖޫދުގައިވާ އަދި ސިޔާސީ ގޮތުން އިސްކޮށް ހަރަކާތްތެރި ވަމުންދާ ރާއްޖޭގައި ތާއީދުކުރާ މީހުން އެންމެގިނަ އެއް ސިޔާސީ ޕާޓީ ކަމުގައިވާ، އެމްޑީޕީ ރަޖިސްޓްރީ ކުރުމުގައި ހިންގުނު ހުރިހާ މަސައްކަތެއްގައި ރެއާއިދުވާލު އަވަދިނެތި އެންމެ އިސްކޮށް އުޅުނީ އެކަކީ ސީދާ އަޅުގަނޑެވެ. އަދި އެންމެ ފުރަތަމަ ރަސްމީކޮށް ސަރުކާރަށް ހަށަހެޅި އަސާސީ ތިން މެމްބަރުން ތެރޭގައި ޕާޓީގެ ތިން މުއައްސިސުންގެ ގޮތުގައި ސޮއިކުރި އެކަކީ ސީދާ އަޅުގަނޑެވެ. އަދި އެޕާޓީގެ ފުރަތަމަ ކޮންގްރެސް ނިމެންދެން ރަޖިސްޓްރާރ ޖެނެރަލަކަށް ހުރެދިނީ ވެސް ޚުދު އަޅުގަނޑެވެ. އަދި އެދުވަސް ވަރު ހިންގުނު މިނިވަން ބަހުސްތައް ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވީމެވެ.
އާދެ! ކޮންމެއަކަސް، ކިޔެވި އިރުވެސް އަދި ދިވެހި ދައުލަތުގެ ސަރުކާރުގައި ވަޒީފާގައި އުޅުނު އިރުވެސް އަޅުގަނޑަކީ، ދިވެހި މުޖްތަމައު ގައި ސިޔާސީ ހަރަކާތްތެރި އަކަށް ވެއްޖެއެވެ. އެކަމަށް ލާޖެހި، އެސިއްކަ މެއާއި ބުރަކަށީގައި ޖެހިއްޖެއެވެ. މަޝްހޫރު ސިޔާސީ މީހެއްގެ ލަގަބުލިބި ވަރަށް މަޝްހޫރު ވެއްޖެއެވެ. މިކަންކަމާ ގުޅިގެން އޭރުގެ ސަރުކާރުން ކަން ހިނގިގޮތުން އަޅުގަނޑާ ދޭތެރޭ ބަލާފައި ވަނީ، “ސިޔާސީ ކޮންމެކަމެއް ފޫޅުކެނޑުމަށް ކަތިލަން ގެންގުޅޭ ސިޔާސީ ކަޅުކަންބަޅި” އަށެވެ.
އާދެ! ޖަލުގައި، 2003 ވަނަ އަހަރު މަރާލެވުނު އީވާން ނަސީމް އައި ގުޅިގެން ދިވެހި މުޖްތަމައުގައި ހިންގި ހުރިހާ ހަމަނުޖެހޭ ކަމެއްހިންގި މީހާގެ ތުހުމަތުގައި އެންމެ ފުރަތަމަ ގެންގޮސް ބަންބުކުރީ އަޅުގަނޑެވެ. އަދި، އޯގަސްޓް 12،13. 2004 ގެ “ކަޅުހުކުރު” ގެ ތަހުގީގުގައި އެންމެ ފުރަތަމަ ގެންދިޔަ މަޖިލިސް މެންބަރުން ތެރޭގައި އަޅުގަނޑު ޖަލަށްލައި ބަންދުކުރިއެވެ. އޭރު އަޅުގަނޑަކީ ވެސް އެމަޖްލީހުގެ އިއްޒަތްތެރި މެމްބަރެކެވެ. އަދި ކުޑަކުޑަ ޑިވައިސް އެއްގެ ބޭނުން ހިފައިގެން އަޅުގަނޑުގެ ރަސްމީ އޮފީސް، މިނިސްޓްރީ އޮފް އެޓޮލްސް ގެ މޭޒުމަތީގައި ހުންނަ ރަސްމީފޯނު، ބަޔަކު ސިއްރުން އަޑުއަހަމުން ގެންދަނިކޮށް އެކަން ވަނީ ފަޅާއަރާފައެވެ. އެޑިވައިސްގެ ފޮޓޯތައް މިއަދުވެސް ފެންނާން އެބަހުއްޓެވެ.
ފަހެ، މިހުރިހާ ކަމަކާހެދި އަޅުގަނޑުގެ ޒަމީރަށް ބުރަވެ އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރާ ގޮތަކީ، “އަޅުގަނޑު އުފަންވެފައި ވަނީ، ސިޔާސީ މީހެއްގެ ގޮތުގައެވެ.” އެހެންވެ އެވާހަކަ އަޅުގަނޑުގެ ފޭސްބުކްޕޭޖް ގައި ލިޔެފައިވާނީ، (BORN AS A POLITICIAN) މިހެންނެވެ. ގައުމުގެ ކަންކަމުގައި ސިޔާސީ ގޮތުން ފާޑު ކިއުމަކީ، އަޅުގަނޑުގެ ރޫހާއި ފުރާނައިގެ ކާނާއެވެ. އެކަންނުކޮށް ހުރެއްޖެނަމަ، ހަށިގަނޑުން ރޫހުގެއްލި ފުރާނަގޮސް ޖިސްމު މަރުވެ ދިޔައީއެވެ.
އާދެ! ރައީސް މައުމޫނު ސަރުކާރު ތެރޭގައި މައުމޫނަށް ފަހު، ވެރިކަންކުރާނެ މީހަކާ މެދު ސިޔާސީ ވާދަ ވެރިކަން ފެށިގެން ހިގައިގަތް އިރު، އެންމެ ވާދަވެރިކޮށް އުސްކޮށް ފެނިގެން ދިޔައީ ރައީސް މައުމޫނުގެ ކޮއްކޮ މިނިސްޓަރ އަބްދުﷲ ހަމީދު އާއި ޅިޔަނު މިނިސްޓަރ އިލްޔާސް އިބްރާހީމް އެވެ. އަޅުގަނޑު އަމިއްލަ ދިރާސާއަށް ފެނިފައިހުރި ގޮތުގައި އޮނަރަބްލް ހަމީދަކީ، އެންމެމަތީ ގޮނޑިއަށް، ދައުލަތުގެ ވެރިކަމަށް އެރުމަށް ސީދާކޮށް ވިސްނުންފުޅު ގެންގުޅުއްވި ބޭފުޅެއް ނޫނެވެ. އަބަދުވެސް ލޯބިފުޅުވާ ބޭބެ ރައީސް މައުމޫނަށް ލޯތްބާއި ފުލް އިހްތިރާމް ދެއްވި ބޭފުޅެކެވެ. ހުރިކަމެއްގައި ވެސް އަމިއްލަނަފުސަށް ވުރެ ލޯބިވާ ބޭބެ އިސްކުރެއްވިއެވެ.
ފަހެ، އެބޭފުޅާ އަކީ، ސިޔާސީ ގޮތުން އަޅުގަނޑަށް ވަރަށްގިނަ ފިލާވަޅު ތަކެއް ދެއްވި އުސްތާޒެކެވެ. ގެންގުޅުއްވީ ވަރަށް އަރިހުގައި ކައިރިކޮށެވެ. އަދި ގިނަގުނަ ތަޖުރިބާ ތަކެއް އެމަނިކުފާނު ކިބައިން ކުރެވިފައިވާ، އަދި އަޅުގަނޑަށް ލިބުނު ހެޔޮއެދޭ މުހުތަރަމު މިނިސްޓަރެކެވެ. އަޅުގަނޑުގެ އަންހެނުންނައި ވަރަށް ގާތްބޭފުޅެކެވެ. އެއީ އޭނާގެ ބަސް ރަނގަޅަށް އެމަނިކުފާނު ދެނެވަޑައި ގަންނަވާ ތީއެވެ.
އާދެ! އެބޭފުޅާގެ އަމާޒަކަށް ހައްދަވާފައި އޮތީ، އަމަލީގޮތުން ޒުވާން ބަޔަކު ބިނާކޮށް ތަރުބިއްޔަތު ކުރެއްވުމެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާ އައި ހަވާލުވެ ވަޑައިގެން ހުންނެވި އިރު، އެކަން ސީރިއަސް ކޮށް އިސްކަމެއް ދެއްވައިގެން ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ގުރުއާން ކިޔެވުމާއި ދީނީ މާއްދާތައް ސްކޫލްތަކުގެ މަންހަޖަށް ވެއްދެވިއެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ، އަމިއްލަ ބޭފުޅުން އެމަގުން ގެންދަވައި ތަރުބިއްޔަތު ކުރައްވާފައި ވުމެވެ. އަދި ގާތްއެކުވެރީންގެ ދަރީންނަށް މަތީތައުލީމު ދިނުމަށް ހެސްކިޔާފަ ބާރު އަޅުއްވައި އެހީތެރިވެ ދެއްވިކަން އަޅުގަނޑަށް އެނގެއެވެ. އޭގެ ތަރޭގައި ސިޔާސީ ގޮތުން ގަތުލަކުންކޮށް ލާފައިވާ ޑޮކްޓަރ އަފްރާޝީމް އަލީ ހިމެނެއެވެ. އެއީ އޮނަރަބްލް ހަމީދު ގަދަކަމުން ބާރު އަޅުއްވައިގެން އުފެއްދެވި މި ޒަމާނަށްފެތޭ، ފެންވަރު ހުރި ފިލޯސަފަރެކެވެ. ދީނީ އިލްމުވެރި އެކެވެ.
އާދެ! އެހެނަސް ޅިޔަނު އިލްޔާސް އަކީ، އަބަދުވެސް ތަރައްގީގެ އިމްރާނީ ވެރިކަމެއް ހިންގިދާނެ ކަމުގެ ހުވަފެނުގައި އަބަދުވެސް ފަޚުރުވެރިވެ ހުންނަވައި ގެން، އަމިއްލަ ވިސްނުމުގެ ފެންވަރަށް ގިނަގުނަ މަސައްކަތް ތަކެއް އަތޮޅުތަކަށް ގެނެސްދެއްވި ވަރުގަދަ މަސައްކަތްތެރި ސިޔާސީ ވިސްނުންފުޅެއް ގެންގުޅުއްވި ލީޑަރެކެވެ. އަރިހުގައި ގެންގުޅުއްވީ އިލްމުވެރި ބޭފުޅުންނަށް ވުރެ އޭނާގެ ބަސް ގަބޫލުކުރާނެ މަޖާ ބައެކެވެ.
ރައީސް މައުމޫނުގެ ޒައާމަތުގައި މިދެފަރާތުގެ ސިޔާސީ ކޯޅުންގަނޑު ވާދަވެރިކޮށް ހިނގަން ފަށައިގަތް އިރު، ރައީސް މައުމޫނުގެ އަނެއްކޮއްކޮ ކަމުގައިވާ މިހާރުގެ ރައީސް، ޔާމީން އަބްދުލް ގައްޔޫމް ހުންނެވީ، މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ރައީސް މައުމޫނާއި ހަމީދުގެ އެހީފުޅުގައި ބޭރަށް ފޮނުއްވާލައްވާ ފައެވެ.
ފަހެ، އެދުވަސް ވަރަކީ، ރައީސް ޔާމީނުގެ ޗާލާކީ ވިސްނުން އެންމެ ތާޒާކޮށް ދުނިޔޭގެ ސިޔާސަތަށާއި ރާއްޖޭގެ އެކިއެކި ސިޔާސީ ކަންކަމަށް އެންމެ ބޮޑަށް ނަޒަރުކޮށް އެންމެބާރަށް ވިސްނުމާއި ފިކުރުތައް ހިންގެވި ދުވަސްވަރެވެ. މިކަމަށް މަގުފަހިވެފައި ހުރީ ސަރުކާރު ތެރޭގައި ހުންނަވާފައި ކިޔަވަންދާން ޖެހުމުންނެވެ. އަދި އަނބުރާ ވަޑައިގެން ވެސް ސަރުކާރުގެ މަތިފަޑީގައި ހުންނަވާއި ތަޖުރިބާތައް ހޯއްދެވުމެވެ.
އާދެ! ލެބްނާންގެ އެމެރިކަން ބައިރޫތު ޔުނިވަރސިޓީންނާއި އެމެރިކާ ކެލިފޯނިޔާ ސްޓޭޓުގެ ޔުނިވަރސިޓީއަކުން މާސްޓަރސް ޑިގްރީ ހައްދަވައި ނިމިގެން ރާއްޖެއަށް ވަޑައިގަތުމުން، ރައީސް މައުމޫނަށް ޖެހިވަޑައިގަތީ، މަތީ މަގާމުތައް ދެއްވާށެވެ. ވަރަށް އަވަހަށް މިނިސްޓަރުންގެ ފަންތިއަށް ގެންނަވަން ޖެހިވަޑައި ގަތެވެ. ޔާމީނަކީ އަޅުގަނޑު ދުށްތާނގައި ފާޅުކަމާ އެކު، ސިޔާސީ ކަންކަމުގައި ރައީސް މައުމޫނާ އެކު ޖަދަލު ކުރައްވަން ކެރިވަޑައި ގަންނަވާ، ހުރި ހަމަ އެކަނި އާއިލީބޭފުޅާ އެވެ. އަޅުގަނޑަށް މިތަޖްރިބާ ކުރެވިފައި ވަނީ، އަތޮޅުތަކު ތެރެއަށް ރައީސް މައުމޫނު އަރިހުގައި ދަތުރުކުރި އިރު ކޮންމެ ފަހަރަކު ފަރިއްކުޅުއްވާނީ، އަޅުގަނޑު ހޯއްދަވައި ގެން ގެނެސް އެއްމޭޒަށް އަރުވައި އަރިހުގައި ބައިވެރި ކުރުއްވައި ގެންނެވެ. އަޅުގަނޑަކީ އެއް އިރެއްގައި ވެސް ބައެއްމީހުންހެން ހުރިހާ އިރެއްގައި ފަހަތުން ދުވެ، އަބަދުވެސް ފެންނަ ހިސާބުގައި މަޑުކޮށް، ފޮޓޯއަށް އަރަން އުޅޭ މީހެއް ނޫނެވެ. މިފަދަ ބައްދަލުވުން ތަކުގައި އަޅުގަނޑަށް ވަނީ، މިތިންބޭންނާ އެކު ބައިވެރިވެވިފައި ކަމުން މިކަން ތަޖުރިބާ ކުރެވިފައި ވަނީ، ވަރަށް ކައިރިން އެއްމޭޒު މަތީންނެވެ. ހަމީދާއި އިލްޔާސް މެންނަށް އަދި އެހެން ވަޒީރުންނަށް ވެސް މިފަދަ ވާދަވެރި ކަމުގައި ޖަދަލުކުރުމުގެ ވާހަކަތައް ދައްކަވާކަށް އެއްގޮތަކަށް ވެސް ކެރިވަޑައެއް ނުގަންނަވައެވެ. އެހެނަސް ޔާމީނަށް ކެރިވަޑައި ގަންނަވާތަން ފެނިފައި ވެއެވެ. ރައީސް މައުމޫނާ އެކު ޖޯކުޖައްސަވާއި މަޖާކޮށް ހައްދަވާއި ސަމާސާކޮށް ހަރުއަޑުން ހީހައްދަވައެވެ.
އާދެ! ހަމީދުގެ ބަދަލުގައި އެފަޅިން މައުމޫނަށް ފަހު، ވެރިކަމަށް އެރުމަށް މަސައްކަތް ފެއްޓެވިތަން ފެނިގެންދިޔަ ޒުވާން އިލްމީ، އަދި އިގްތިސާދީ މާހިރެއް ކަމުގައި ގާތް އެކުވެރީންނަށް ބެލެވުނު ޝަޚުސިއްޔަތަކީ، އެ އާއިލާއިން ވަޑައިގެން ހުންނެވި ޒަމާނީ އިލްމުގެ ވެރިޔާ ޔާމީނެވެ. ޔާމީނުގެ މުޅި ދިރިއުޅުން ބިނާކުރެއްވީ މައުމޫނަށް ފަހު، ރާއްޖޭގެ ވެރިކަމަށް އެރުމަށް ރޭވުންތައް އެކިގޮތްގޮތަށް ރޭވުމާއި ޕްލޭންތައް ފަރުމާ ކުރުމުގައެވެ.
ފަހެ، ޔާމީނަކީ، މަރުވުމާ ހަމައަށް އަމިއްލަ ވެރިކަމެއް ދިފާއު ކުރައްވާނެ ހުރިހާ ރޭވުންތަކެއް ރާއްވަވާއި ބިނާ ކުރެއްވެވި، ހަރުކަށި ސިޔާސީ ލީޑަރެއްގެ ގޮތުގައި ދެމި ހުންނާނެ ފަހަށް ނުޖެހޭނެ ބޭފުޅެއްކަން އަޅުގަނޑު ގަބޫލު ކުރަމެވެ. އަދި އެޝަޚްސިއްޔަތަކީ، ޅިޔަނު އިލްޔާސައި ވަރަށްތަފާތު އެހެން މިޒާޖެއްގެ މުޅިން އެހެން ވިސްނުމެއްގެ ބޭފުޅެކެވެ. ރާއްޖޭގައި ތަރައްގީގެ އިގްތިސާދީ ވެރިކަމެއް، ހިންގަވަން ބޭނުންފުޅުވާ ބޮޑާކަމުގެ ފަޚުރު ހަށިގަނޑުގައި އަށަގަނެފައި ހުރި އިލްމީ ބޭކަލެކެވެ. ރައީސް މައުމޫނާއި ހަމީދުގެ އާއިލާ ފަޅިން ވަޑައިގެން ހުންނެވި ވަރަށް އާދަޔާޚިލާފު ހިތި އުދާސްތަކެއް އެންމެ ޅައިރުން ފެށިގެން އަބަދުވެސް އިހުސާސް ކުރުމުގެ ތެރެއިން ބޮޑެތި ހިތުޖެހުންތަކާ އެކު އުފާވެރިކަމެއް ނުލިބި ބޮޑުވެ، ހިތްވަރު ލިބިފައި ހުރި ކެތްގަދަ ވަރުގަދައަށް ނަފްސު ކޮންޓްލޯލް ކުރަން ދަސްވެފައި ހުރި ޝަޚުސިއްޔަތެކެވެ. އަޅުގަނޑު ސިފަކުރާނީ ޖަރުމަނުގެ ވެރިކަންކުރި އެޑޮލްފް ހިޓްލަރާއެވެ.
އާދެ! ސިޔާސީ ނަޒަރަކުން ބަލާއިރު، އޭރުއްސުރެ މައުމޫނަށް ފަހު، ރާއްޖޭގެ ވެރިކަމަށް އެރުމަށް ކުރިޔާލައި ގިނަ އެދުންތަކެއްކޮށް ޕްލޭންތައް ހަދާއި ރާވައި ތައްޔާރުވާން ޔާމީނުވަނީ ވަރަށްދުރާލައި ފައްޓަވާފައެވެ. ރައީސް މައުމޫގެ ދިގު ވެރިކަން ދުއްވާލާނެ ގޮތަކާ މެދު ވެސް ވިސްނަވާނެ މީހެކެވެ. އެގޮތުން ފާހަގަ ކުރެވޭ ބޮޑު މިސާލަކީ، ބައެއް އެކުވެރީންގެ ދަރީންނަށް އޭނާގެ ވެރިކަމެއްގައި ވަޒީރުންގެ މަޖިލިސް އުފައްދަން ބޭނުންވާ ދުވަހު، ޒަމާނީ ވުޒަރާތަކަށް ލާނެ، ޒުވާނުން ދުރާލައި ބިނާ ކުރުމުގެ ގޮތުން ކިޔަވައި ދިނުމަށް މަސައްކަތް ކުރުއްވާފައި ހުރުމެވެ. އޭގެތެރޭގައި ވަކިޚާއްސަ މާއްދާއެއް ބުނެދީ، އަދި އެމާއްދާއިން ކިޔަވައި ދިނުމަށް އެކުވެރީންނަށް ބުނެދީ ބާރު އަޅުއްވާއި ތަކުރާރުކޮށް އެދިފައި އެބަހުއްޓެވެ. އަދި އެކަން ވަނީ ބައެއް މައިންބަފައިންގެ ނުގަބޫލުގައި ވެސް އަމިއްލަފުޅަށް ޚަރަދު ތަކުގެ މަގުފަހިކޮށް ދެއްވައިގެން ކުރުވާފައެވެ.
މިސާލަކަށް ތެލައިބެހޭ ވުޒާރާއަށް ލާނެ ޒުވާން ދިވެހި ހުނަރުވެރި ދަރީން ބިނާ ކުރުމަށް ކެމިކަލް އިންޖިނިއަރިން ރޮނގުން ކިޔަވައި ދިނުން، މީގެ ތެރޭގައި ހިމެނެއެވެ. މިއީ ޔަހޫދީން ފަލަސްތީނަށް ވެރިވެގަން ވެގެން ރޭވި ރޭވުން ތަކުގައި ދުރާލައި ކޮށްފައި ހުރި ކަންކަމެވެ. އަދި ގިނަގުނަ ވިޔަފާރި ތަކެއް ޒުވާނުން ލައްވައި ދުރާލައި ހިންގުވައި ޔާމީނު ގެންދެވީ، ވެރިކަން ކުރުމަށް މަގުކޮށާއި ޕްލޭނުތައް ފަރުމާ ކުރައްވަމުން ތައްޔާރު ވަމުންނެވެ. މިހާރުވެސް އެތައް ޒުވާނުންނަކާ އެކުގައި އެގުޅުން ދެމި އެބައޮތެވެ. ބަރާބަރަށް އެގުޅުން ބާއްވައެވެ. އެގުޅުން ދަމަހައްޓަވައެވެ. މިއަދު މިފެންނަނީ، އޭރުއްސުރެ ވެރިކަމަށް އެރުމަށް ކުރެއްވި ރޭވުންތެރި ބުރަ މަސައްކަތުގެ ފުރިހަމަ ނަތީޖާއެވެ.
ފަހެ، އަމަލީ މައިދާނުގައި އެރޮނގުތަކުން އޭނާގެ ސިޔާސީ ފިކުރާ ދެކޮޅުވާނެހެން ހީވާ ހުރިހާ ހުރަސްތަކެއް ދުރާލައި ގެންދެވީ، ފަހަތް ބެލުމެއް ނެތި ވަރަށް ކެރިހުންނަވައި ގެން، އިންސާނިއްޔަތަށް ބެއްލެވުމެއް ނެތި ޖެހުނު ގޮތަކަށް ނައްތާ ލައްވަމުންނެވެ. ހުރަހަކަށް އަދި ބިރަކަށް ވާނެހެން ހީވާ މީހާގެ ދުވަސް ދުއްވާ ލައްވަމުން ނެވެ. އަބަދުވެސް މިފަދަ ކަންތައް ރާވައި ހިންގާނެ ކެރޭމީހުން ވަނީ، ޔާމީނުގެ ވިސްނުން ފުޅުން އަރިހަށް ގާތްކޮށް ފައެވެ. ގިނަ އެކުވެރީންނާއި ރަހްމަތްތެރީން ވަނީ ބިނާކޮށް ފައެވެ. އަދި ބޮޑެތި ރަހްމަތް ތެރީންނާއި ޖިގްރީ ދޯސްތުން ގޮތުގައި އެފަދަ މީހުން ހައްދަވާފައި ވެއެވެ. އަދި އެފަދަ ވަފާތެރިންނަށް ވެސް، އެކިއެކި ގޮތްގޮތް ސިޔާސީ ގޮތުން ހައްދަވާ ލައްވަން ކެރޭ މީހެކެވެ. މީގެ މިސާލުތައް ބައިވަރު ފެންނާން އެބަ ހުއްޓެވެ.
ފަހެ، ރައީސް މައުމޫނު އިލްޔާސް ޅިޔަނާ އެކު ޑީލެއް ހައްދަވާފަ ހުކުމެއް އާންމު މަންޒަރަށް ދައްކަވާލެއްވީ، ރީތި އޮމާން ކަމެއް ރައްޔިތުންނަށް ދެއްކެވުމަށެވެ. އިލްޔާސް ޅިޔަނު ގައުމުން ބޭރުކޮށްލެއްވީ ވަރަށް ރާއްވަވާފައި އަމިއްލަފުޅު އަރިހުން ދައުލަތުގެ ސަލާމަތީ ބާރާ ހަވާލުވެ އޭރު ހުންނެވި އަންބަރީގެ އެހީގައި ދެއްވި ހަމްދަރުދީއާއި އެހީތެރިކަމާ ހިމާޔަތާ އެކުގައެވެ. އެހެނަސް ބައްލަވާށެވެ! ރައީސް ޔާމީނުގެ އަމިއްލަ ވަފާތެރި ކުއްތާގަނޑެއް ހެން ގެންގުޅުއްވި، އަމިއްލަ ނައިބު ރައީސް އަދީބަށް ވެސް ހައްދަވާލެއްވި ގޮތް މިއަދު އެހެރީ މެންދުރު އަލީގައި ފެންނާށެވެ.
އާދެ! ދަންނާށެވެ! ޔާމީނު ގެންގުޅުއްވާ މިފަދަ ވަފާތެރިން ނަކީ، ރަނގަޅާއި ނުބައި ކަންކަމުގައި އެއް ޖިސްމެއްފަދަ އެކުވެރީން ނެވެ. ފަސްސަތޭކަ ޕަސަންޓު ގެރެންޓީ ދެއްވާ ބޭފުޅުންނެވެ. މިއަދު ކޮންމެތާކު ބަންދުވެފައި، އަދި އަރުވާލެވި ތާށިވެފައި ކިތަންމެ ދުރުގައި އެފަދަ ބޭފުޅަކު ހުއްޓަސް، އަދި ކޮންމެ އަނިޔާއެއް ދިނަސް އެމީސް މީހުންގެ ހިތުގެ ލޯތްބާއި ކުލުނު ރައީސް ޔާމީނަށް އަބަދު ވެސް އޮންނާނެ އެވެ. އެމީހުންގެ މުޅި ޒިންދަގީ އާއި ދިރިއުޅުން ބިނާކޮށްދީފައި ހުރީ ޔާމީނަށް ވާތީއެވެ. ފަހެ، ޖަނަވާރުންނަށް ވެސް މިހެން ވޭނޫންތޯއެވެ. ކިތަންމެ ވަރަކަށް އަނިޔާ ކުރިޔަސް ކާންދީ ބޮޑުކުރި މާހާއަށް ކުލުނު ހުރޭނޫންތޯއެވެ! ބައްލަވާށެވެ! ރައީސް ޔާމީނު ވެރިކަމުގައި ގަދަބާރުން ދެމި ހުންނެވިހާ ދުވަހަކު، އަދި ވެސް ބިންވަޅު ނެގިފައި އެމީސްމީހުންގެ ހިތުގައި، ހަމަ އެލޯތްބާއި ކުލުނު އޮންނާނެއެވެ.
ފަހެ، މާއްދީ ލޯތްބަކީ މިއީއެވެ. މިސާލަކަށް ލޮލީޖާބިރު، ޖަނގިޔާ ނާޒިމް، އަދި ޖޭޖޭ މެންފަދަ ބޭފުޅުންނަށް ބައްލަވާށެވެ. އަދި މިހާރު އަލަށް ފެންނަން އެތިބި ޒުވާން ވަޒީރުންތަކަށް ބައްލަވާށެވެ.
އާދެ! ޖާބިރު ސިޔާސީ ގޮތުން ނުވަތަށް އެނބުރި ގޯސްހަދަން އުޅުމުން ހަނދާން ހުންނަވަރުގެ ސިޔާސީލޮޓިއެއް ދެއްވިއެވެ. ރައީސް ވަހީދުއާ ގުޅި، ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީގައި ސޮއިކޮށް، ރިޔާސީ ގަނޑުވަރު ތެރެއަށް ސިޓީއުރަ ހިފައިގެން ވަންނަން ފެށުމުން، ހޮނޑައިދޫ ހާދިސާ ފުލުހުންގެ ތެރޭގައި ރާވާލި މޭސްތިރިއަކީ ހަމަ އެސިކުނޑި އެވެ. އެއްގޮތަކަށް ވެސް ރައީސް ވަހީދެއް ނޫނެވެ. ރައީސް ވަހީދަށް އެކަން އެނގުނީ އެހާދިސާ ހިނގިފަހުން ނެވެ. އެކަން ތަންފީޒު ކޮށްލެއްވީ، ބުނެވޭ ގޮތުގައި ފުލުހުންގެ އިސްވެރިޔާއަށް ނޭންގި ޚާއްސަ ފުލުހުންގެ ބަޔަކު ލައްވައި ހިންގި ސިޔާސީ ކަމެއްގެ ގޮތުގައެވެ.
އާދެ! ދައުލަތުގެ އެންމެ އިސް ވެރިމީހާ ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް އެނގުމަކާ ނުލައެވެ. ކުޑަކުއްޖެއްހެން ލޮލީސާހިބު މައިތިރިކޮށް ލެއްވިއެވެ! ބައްލަވާށެވެ! މިހުރީ، ވިސްނާއި ފުކުރުކުރާ ޒުވާނުންނަށް ހުރި އަގުހުރި ގައުމީ ފިލާވަޅުތަކެވެ! އިތުރަށް ދިރާސާ ކުރާށެވެ! ދިވެހި ރާއްޖޭގައި ސިޔާސީ ރޭވުންތައް ހިނގާގޮތް ބައްލަވާށެވެ! ސާފުކުރާށެވެ! އެހެނަސް ޖާބިރަށް ސިޔާސީ ޓާސްކެއް ދެއްވާފައި ރައީސް ނަޝީދު އަރިހަށް އެމްޑީޕީ ތެރެއަށް ފޮނުއްވީ ޔާމީނުގެ އެ ރޭވުންތެރި ހިޔަޅު ބުއްދީންނާއި ފުއްލާ ސްޕީޑުން ނެވެ. ސިޔާސީ ރޭވުންތައް ރާވާލާ ގޮތަކީ މިއީއެވެ! ދިރާސާ ކުރައްވާށެވެ!
އަދި ތަންކޮޅެއް ކުރީގެ ރޭވުމެއްގެ ވާހަކައެއް ހަނދާނަށް އަތުވެއްޖެއެވެ. ރައީސް މައުމޫނުގެ ސަރުކާރު ތެރެއިން ލޯބިވާ ބޭބެ ދެކެޒާތީ ރުޅިއާއި ކޯފާ އިސް ކުރައްވައި، އިސްތިއުފާ ދެއްވާފައި ސިންގަޕޫރަށް، 2007 ޖެނުއަރީ ގައި ވަޑައިގެންނެވި ހިސާބުން، ސީދާކޮށް އަންނިއާއި އެމްޑީޕީއާ އެކު ސިޔާސީ ޑީލްތައް ބަންނަވަން ފެއްޓެވިއެވެ. ބޭނުމަކަށް ވަނީ، އެމްޑީޕީއާއި އަންނި ލައްވާ ލޯބިވާބޭބެ، ރައީސް މައުމޫނުގެ ދިގުވެރިކަން ވައްޓާލާއި އަންނި އާއި އެމްޑީޕީ ލައްވައި ދިވެހި ރާއްޖެއަށް ޕާލިމަންޓްރީ ނިޒާމެއް ގެނައުމަށް ތާއީދު ކުރުމެވެ. އަދި މަޖްލިސް މެމްބަރުންތައް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ފައިސާއިން ގިނަ އެމްޕީން ގަނެލައިގެން އަމިއްލަފުޅަށް، ބޮޑުވަޒީރާއި ރައީސްގެ މަގާމް އުފައްދައި ބަހާލައިގެން، ވެރިކަމަށް އެރުމުގެ މަގު ފަހި ކުރުމެވެ. މި ރޭވުމުގެ ދަށުން ހިންގުނު މަސައްކަތުގެ ނަތީޖާ، 2009 ގެ އާންމު އިންތިޚާބުން ރީއްޗަށް ފެނިފައި ވެއެވެ. ޔާމީނުގެ މި ވިސްނުމުން ކާމިޔާބުތަކެއް ހޯދިއެވެ. އެދައުރުގައި މަޖްލިސް އަށް ޕީއޭ ފިކުރުގެ ޔާމީނަށް ތާއީދު ކުރާ އެމްޕީންތައް ހައްދުންމިން ނާއި ބައެއް އެހެން ހިސާބުތަކުން ފުދޭވަރަށް ހޮވިފައި ތިބޭނެއެވެ. އެހެނަސް އެންދެރިމާގޭ ފަޅިއަށް މިކަން ރެއަކާލާއި އިހުސާސް ކުރެވިގެން، އެފަޅިން އިލްޔާސް އިސްވެ ހުންނަވައިގެން އެޅުއްވި ފިޔަވަޅުތަކުން ނިޒާމީ ވޯޓުގެ ނަތީޖާ ދެއްކީ، ރައީސް މައުމޫނު ތާއީދު ދެއްވި ވެރިކަމުގެ ނިޒާމަށެވެ. އެއީ ރިޔާސީ ނިޒާމެވެ. ނިޒާމީ ވޯޓުގައި ޔާމީނާއި އަންނިގެ ވިސްނުން ފެއިލްވީ މިހިސާބުންނެވެ.
ފަހެ، ރައީސް މައުމޫނު، 2008 ގައި ބަލިކޮށްލުމާއި ރައީސް ނަޝީދު ވެރިކަމަށް ގެނައުމައި، އަދި، 2012 ގައި ވެރިކަމުގެ ދައުރު ނުނިމެނީސް ވައްޓާލުމާއި ރައީސް ވަހީދު ވެރިކަމަށް ގެނައުމާއި ވައްޓާލުމައި، އަދި، 2013 ގައި ކޯޓު މެދުވެރިކޮށް އަމިއްލަފުޅަށް ވެރިކަމަށް އެރުއްވުން ފަދަ، މި ހުރިހާ ސިޔާސީ ރޭވުމެއްގެ ނަތީޖާއަކީ، ރައީސް ޔާމީނުގެ ވެރިކަމެއް ގައިމުކޮށް ބާރުގަދަ މީހެއްގެ ގޮތުގައި ފެނިގެން ދިއުމެވެ. މިއަދު އެކަން މިއޮތީ ފާޅުގައި ފެންނާށެވެ. މިއަދު މިގޮވާ ހުރިހާ ވާހަކަތަކެއް އޭރުވެސް ސިޔާސީ މީހުން ޔާމީނަށް ގޮވަމުން ދަނިކޮށް އެންމެން ޖަހާލާފައި އެވަނީ ގަދަކަމުން ވެރިކަމަށް އަރާއި ރަންގޮނޑިއަށް ސަވާރުވެފައެވެ. މިވާގޮތެއް އެބަހޯދާއި ވިސްނަން ޖެހޭނޫން ތޯއެވެ! ޒުވާނުން މިވާހަކަތައް ދިރާސާ ކުރާށެވެ! ނިޔަތް ތެދުވެރިކޮށް، އަގީދާ ވަރުގަދަކޮށް މާއްދީ، އަދި ފިކުރީ އޮއިވަރުތަކަށް ނުހެއްލި ގައުމު އިސްކުރާށެވެ! އެއަށް ފަހު ރަނގަޅަށް ހެޔޮމަގަށް ވިސްނާށެވެ. އެކަކު އަނެކަކަށް ބާޣީއަށް ގޮވުމުން ކުރާނެ އެއްވެސް ގައުމީ ފައިދާއެއް ނެތެވެ. ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ، އަމިއްލަ ހެޔޮނިޔަތާ އެކު ލޮބުވެތި ގައުމު އިސްކުރާށެވެ!
އާދެ! ރައީސް މައުމޫގެ އާއިލާ ތެރެއިން މައުމޫނަށް ފަހު، ވެރިކަމަށް އެރުމަށް ބޭނުންވި ދެފަޅިއަކީ، އެންދެރި ކޭމްޕުންނާއި ކާމިނީ ކޭމްޕުންނެވެ. އެއްފަރާތުން އުޅުއްވީ އިލްޔާސެވެ. އަނެއް ފަރާތުން އުޅުއްވީ، ހަމީދު ތަމްސީލްކޮށް ދެއްވި ޔާމީން އަބްދުލް ގައްޔޫމެވެ. ޔާމީނަކީ، ވެރިކަމަށް އެރުމަށް ފުއްލާ ދުވެލީގައި ގީދަޅު ވިސްނުމެއްގައި ވަރަށް ރޭވުންތައް ރާވައި ކާމިޔާބު ހޯދި ކެރޭ ވަރުގަދަ ސިޔާސީ ލީޑަރެކެވެ.
ފަހެ، މިދެފަރާތުން ވެސް ބެއްލެވީ، ދިވެހި މުޖްތަމައުގައި އެމީހުންނަށް ހުރި އެންމެބޮޑު ހުރަހަކާއި ނުރައްކަލަކީ، އަދި ސިޔާސީ ގޮތުންހުރި ހުރަހަކަށް ޓާގެޓުކޮށް ނިންމާފައި އޮތީ، ޑޮކްޓަރ ވަހީދެވެ. ވަހީދަށް ހުރިހާ ގޮތަކުން ވެސް، 1980 ގެ އަހަރުތަކުން ފެށިގެން ހުރަސް އަޅަމުން ދިޔައެވެ. ސަރުކާރު ތެރެއިންނާއި އެމްޑީޕީ ތެރެއިން ނެވެ.
ފަހެ، އެމްޑީޕީ ތެރެއަށް ކުޅަދާނަ ކަމެއްހުރި ޗާލާކު އިލްމީ، އިބްރާހީމް އިސްމާއީލް (އިބުރާ) އިސްކޮށް ވައްދައިގެން ހިތްވަރުދީ އެހީތެރިވެދީ، ވަހީދަށް ބޮޑު ހުރަހެއް އެޅުއްވެވީ އިލްޔާސް ފަޅިން މަދަދާއި އެހީ ލިބިގެންނެވެ. އެމްޑީޕީގެ ރައީސް އަކަށް ވަހީދު ނުހޮވި، އިބުރާ ހޮވުމުނު ދުވަހު ނަތީޖާ އިއުލާނުކުރި ގަޑީގައި ޓީވީ ބައްލަވަން އިންނަވާފައި އިލްޔާސް އިންނެވި ތަނުން ބޭއިޚްތިޔާރުގައި ތެދުވެ ވަޑައިގެންނެވި، އަތްތިލަބަޑި ޖެއްސެވުނު ކަމަށް އެމަންޒަރުދުށް މީހުން ފަހުން ކިޔައިދީފައި އެބަހުއްޓެވެ.
އާދެ! އަޑުއައްސަވާށެވެ! އަދި އެހެން ވާހަކައެއް ވެސް އެބަ އޮތެވެ. އަޅުގަނޑު، 2004 ގެ ރައްޔިތުން މަޖިލީހުގެ އާންމު އިންތިޚާބުގައި މާލޭގެ ދެވަނަ ގޮނޑިއަށް އިބުރާއާ އާކު ނެގުމަށް އަންނިއާއި އެމްޑީޕީން ނިންމައި، މާކުރިން އެވާހަކަ ދައްކައި އަޅުގަނޑު ޖަލުގައި ހުރެގެން ސިޓީއާއި ފޯމުތައް ލާހަދާފައި ވަނިކޮށް، އަދި އެމްޑީޕީން ކެނެރީގެ ތެރެއިން މާލޭ ކެންޕެއިން އޯކޭދީފައި ވަނިކޮށް ކުއްލިއަކަށް، ސިޓީލުމުގެ ފުރުތަގެއްލެން އެންމެ ހަތަރުފަސް ދުވަހަށް ވީތަނާހެން އަޅުގަނޑުގެ ކެންޕޭން މެނޭޖަރު މއ. ތަބައްގޭ މުހަންމަދު ރިލްވާން (ރިލޭ) އާ އިބުރާ ގުޅައިގެން، އޭނާގެ ގެއަށް ގެންގޮސް ވަރަށް ހީލަތްތެރި ވާހަކަތަކެއް ދެއްކިއެވެ. މަގްސަދަކީ، މާލެއަށް އަޅުގަނޑު ކުރިމަތިލާފައި އޮތް ގޮނޑި އެހެން ދިމާއަކަށް ބަދަލުކޮށް ލުމެވެ. މި ހީލަތްތެރި ސިޔާސީ ރޭވުންގަނޑުގެ މަސައްކަތް ފައްޓާއި ރިލޭ ލައްވާ އެކަން ގަބޫލު ކުރުވިއެވެ. ބޭނުންކުރި އުކުޅަކީ ކެންޕޭން ޚަރަދާއި ރިލޭގެ ދަތުރުތަކާއި ފަންޑިތަ ހެދުމަށް ކުރާ ހުރިހާ ޚަރަދަކައި އިބުރާ ހަވާލުވެ، ކާމިޔާބުކޮށް ދޭނެކަމަށް ވައުދު ވުމެވެ. އެކަމަކު އިލްޔާސްގެ ނަމުގައި އަލަށް ފުރާފޯމްތައް އެންމެފަހުރޭ ޖެހެންދެން ތިމަންނާ އަތުގައި އޮންނަން ޖެހޭނެއެވެ. މީހަކުލައްވާ ކިޔަވާލާ ދުންބުރުވާލާ ހަދަންބޭނުން ވާނެތީއެވެ.
އަދި އިލްޔާސްގެ ކެންޕޭން ހިންގަން ރިލޭއަށް އދ. އަތޮޅުން، މާލެއަށްވުރެ މާފަސޭހަ ވާނެކަމަށާއި ކުރިންވެސް އިލްޔާސާ އެކު ރިލޭވަނީ އެއަތޮޅުގައި ބޮޑު މަސައްކަތެއްކޮށް ތިންވަނައަށް ގެނެސްދީފާ ނޫންހޭ ބުނެދީ ވިސްނައިދިނެވެ. ރިލޭއަށް ފައިސާކޮޅެއް ނޫންހޭ ބޭނުންވާނީ، ރިލޭއަށް ވަރަށް ފަސޭހައިން ކާމިޔާގު ހޯދޭނޭ ކިޔައިގެން ސައްލާގެ ހާސަރުތަކެއް ދަމާއި މަންތަރުތަކެއް ހެދިއެވެ.
ފަހެ، ރިލޭ ލައްވައި މީނާ މިކަން ކާމިޔާބުކޮށް ގަޑިހަމަވާ އެންމެފަހުގެ ވަގުތާ ހަމައަށް އދ. އަތޮޅަށް އަލަށްފުރި ފޯމްތައް ހުރީ، އިބުރާ އަތުގައި ފަންޑިތަ އާއި މަންތަރު ކިޔެވުމަށް ހިފާއްޓާފައެވެ. ރިލޭ އަޅުގަނޑަށް ފޯމުތައް ފޮނުވަނީ ޕްރިސަންސް މެދުވެރިކޮށެވެ. ޖަލުގައި ހުރީމާ ރިލޭއައި ވާހަކައެއް ނުދެކެވެއެވެ. މަޝްވަރާއެއް ނުކުރެވެއެވެ. ރިލޭ އޭގެފަހު ދުވަހެއްގައި ފޯމުތައް ބަލާދިއުމުން އިބުރާ ބުނިކަމަށް ވަނީ، އަދި ނުނިމޭތީ ބަހައްޓާލާށެވެ. ގިނައިން ކުޔެވުނު ވަރަކަށް ހޮވުމަށް އެޅޭބާރު ވަރުގަދަވާނެ ކަމަށެވެ. މިފޯމްތައް ރިލޭއަތަށް ލިބުނީ އިލެކްޝަނަށް ވެއްދުމުގެ މުއްދަތުގެ އެންމެފަހު ގަޑީގައި ގެންގޮސް އެކޮމިޝަނާ ހަވާލުކޮށް ލާށެވެ. އެކަން އެކުރީ މާލޭ ދެވަގޮނޑިއަށް އަނެއްކާ ވެސް އަޅުގަނޑުގެ ނަން ރިލޭ ބަދަލުކޮށް ފާނެތީއެވެ. އިބުރާގެރޭވުން ކިހާމޮޅު ނޫންތޯއެވެ!! ފަހެ، އެއީ އަޅުގަނޑު، 3 ވަނަ ފަހަރަށް މަޖްލީހަށް ކުރިމަތިލީ އަދި، 2 ވަނަ ފަހަރަށް، އދ. އަތޮޅަށްލާން މިރޭވުމުގެ ދަށުން ހަމަޖެހުނު ފަހަރުގެ ވާހަކަ ކަމުގައިވާ، 2004 ވަނަ އަހަރުގެ އާންމު އިންތިޚާބެވެ.
އާދެ! މިއީ ވެސް އިލްޔާސް ފަޅިން މާލޭގެ ގޮނޑިއަކަށް އަޅުގަނޑު އަޔަނުދިނުމަށް އިބުރާ ލައްވާ ހިންގުވި ސިޔާސީ ރޭވުމެކެވެ. ހަމަ އެކަނި ވަހީދުގެ ޅިޔަނަކަށް ވާތީ ސިޔާސީ ގޮތުން އަޅާ ދަތިކުރުމުގެ ސިޔާސީ ފިޔަވަޅު ތަކެވެ. އަބަދު ވެސް އަޅުގަނޑަކީ، މިދެފަޅިން ސިޔާސީ ދަތިކުރުން އެގޮތްމިގޮތަށް ދިމާވާ މީހެކެވެ. އެހިސާބުން އަންނިއާއި އެމްޑީޕީއަށްޓަކައި އިބުރާ އަކީ، އިޚްލާސްތެރިއެއް ނޫންކަން އަޅުގަނޑަށް އޮތީ ޔަގީން ކުރެވިފައެވެ. އަޅުގަނޑު ޖަލުގައި ހުރުމުން ރިލޭއަށް މިކަންކަން ހިނގާދިޔަގޮތް، އޮތީ ކިޔައި ނުދެވިފައެވެ. އަޅުގަނޑަށް މިކަން ސާފުކޮށް ރިލޭ ކިޔައިދިނީ، ޖަލުން ގޭބަންދަށް ގެނައުމުންނެވެ. އޭރު ފޯމްތައް ބަލައިގަނެ ހުރިހާކަމެއް ވަނީ ނިމިފައެވެ.
އަދި ކެނެރީގޭތެރޭގައި ހިނގަމުންދިޔަ ކެންޕޭން އޮފީހުން ޓީމެއް ނަގައި ދެފަހަރަކު، އދ. އަތޮޅަށް އޭރު އޮތީ ކެމްޕޭނަށް ގޮސްހަދާފަ އެވެ. މާލޭ ގޮނޑިއަށް އިބުރާއާ އެކު ވާދަކުރުމަށް އިބުރާމެންނެގީ، ބަގީޗާގޭ މުހަންމަދު ޝިހާބެވެ. އެފަހަރު ހޮވުނީ އެޖޯޑެވެ. އދ. އަތޮޅުން ހޮވުނީ، އަބްދުއްރަޝީދު އަލީ އާއި އަބްދުލް މުހްސިނެވެ. ގާސިމެއް ކުރިމަތި ނުލައްވައެވެ. މިއީ ރާއްޖޭގެ ސިޔާސަތުގައި ހިންގާ ހަޑިހުތުރުބައިގެ ހަގީގަތްތަކެވެ!
އާދެ! އިލްޔާސް ފަޅިންނާއި ޔާމީނު ފަޅީން ވެސް، ރައީސް ވަހީދު ރާއްޖޭގައި ނުބެހެއްޓުމަށް އެޅެން އޮތް ހުރިހާ ފިޔަވަޅެއް ވަރަށް ދުރާލައި ރީތިކޮށް ހަމަޖެހިގެން ތިބެ ސީދާކޮށާއި ނުސީދާކޮށް ރާވާއި އަޅަމުން ތަންފީޒު ކުރަމުން ގެންދިޔައެވެ. ބައްލަވާށެވެ! 1990 ގެ ތެރޭގައި ބިންބިފޯސް ކިޔާ ސިޔާސީ ބާރެއްގެ (ބަޔަކުމީހުން) ސިފައިންގެ ވެރިއެއްގެ ގިޔާދަތާއި މަދަދުގައި ރަށުތެރެ ފަސާދަކުރަން ނެރުނެވެ. ވަހީދަށާއި އެލިޔާ އަލީ އަބްދުﷲ ފަދަ އިސް ސިޔާސީ ބޭފުޅުންނަށް އަދި އޭރު އިސްކޮށް ނަގާކިޔަން އުޅުނު އަޅުގަނޑު މެންނަށް ވެސް، މީހާ ނޭގޭގޮތަށް ލިޔުމުން މަރުގެ އިންޒާރުދީ، އަދި ލަވަތައް ހަދައިގެން ކިޔާ ހެދިއެވެ. ހުރުމަތް ތެރިވެގެންވާ ދިރިއުޅޭ ގެދޮރުކައިރި އަށް އައިސް ތިބެ އަޑުގަދަކޮށް ހަޅޭލަވާ ހެދިއެވެ. ރަށުތެރޭގައި ތަންތަން ރޯކޮށް، އެ ތުހުމަތުގައި އަޅުގަނޑުމެން ސިޔާސީ ގްރޫޕް އެކުގައި ބަންދުކޮށް ޖަލަށްލައި ސުވާލުކޮށް ހެދިއެވެ. ޖަލުގައި ވަގުތީތަންތައް ކުއްލި ގޮތަކަށް އަމީން ކޮންސްޓްރަކްޝަން ލައްވައި ޓިނުންނާއި ލަކުޑިފަތިން ހައްދުވައިގެން، 300 ވަރަކަށް މީހުން އެއްފަހަރާ ގެންދިޔައެވެ. އެކިއެކި ސުވާލުތައް ކޮށް އަނިޔާކޮށްގެން ސިޔާސީ ބާރުން ރަށުތެރޭގައި ކުރިހުރިހާ ކަމަކަށް ވަގުބަޔާންތައް އީޖާދުކޮށް ހަދައިގެން މީޑިގައި ސަރުކާރުން ކިޔުވާ ހެދިއެވެ. ފަހެ، މޭމަތި ޒީނަތްތެރި ކުރާނެ މެޑެލްތައް މިހާރު ގެންގުޅޭ ސިޔާސީ ބޭކަލުންނަށާއި ސިޔާސީ މަސްރަހުން ފޭގައި ފިލާތިބި އެފަދަ ބޭކަލުންނަށް މި ހަގީގަތްތައް ވަރަށް ރަނގަޅަށް އެނގޭނެ އެވެ. ރާއްޖޭގެ ޑިމޮކްރަސީގައި އަދިވެސް އެފަދަ ރިޓަޔަރޑް އޮފިސަރުން ފޮތްލިޔުމާއި ލިބިފައި ހުރި އިލްމީ ހުނަރުތައް ބޭނުން ކުރުވައި ގެން، އެމީހުންލައްވާ ސިޔާސީ ބާރުތަކުން ގައުމު ބަރުބާދު ކުރުމުމަށް ބޭނުންކުރި އުކުޅުތަކާއި ހީލަތްތައް ލިޔެ، އަދި ކިޔަވާ ކުދީންނަށް ކިޔަވަދީ ހަދާތަނެއް ނުފެނެއެވެ. މުޅިން ވެސް ފެންނަނީ، މޭމަތީގައި މެޑަލްތަކުން ޒީނަތްތެރިކޮށް ގެން ޖަލްސާތައް ފޫހިފިލުވައިދޭ ތަނެވެ. އަނެއްބަޔަކު އަމިއްލައަށް އަރުވާލެވިގެން ލޮބުވެތި ގައުމަށް ފިލާތިބޭ ތަނެވެ. ގައުމީ ލޯތްބެއްގެ ކަންފުޅެއް ވެސް ނެތެވެ! ގައުމު އެއްގޮތަކަށް ވެސް ނުފެންނަ ނީއެވެ! ތިމާމެންނަށް ގައުމުން ލިބިފައިހުރި އިލްމީ ޚަޒާނާގެ ބޭނުންކުރާ ތަނެއް ނުފެނެއެވެ!
އަދި ރައީސް މައުމޫނު ފަޅިން އެމްޑީޕީ ކޮންޓްރޯލުގައި ބޭއްވުމަށް، ބޭނުންވާ ފާލަން އެޅުމަށް ފޮނުއްވި މީހުންގެ ތެރޭގައި އަހްމަދު އައްބާސް އަކާއި ޒަކީ (ފަހުން ރައީސް ނަޝީދުގެ އެންވޮއި ސާހިބު) އަކާއި ޑޮކްޓަރު މުނައްވަރެއް ހިމެނެއެވެ. ޖަޑިބު ކަމަނާ (ފަހުން އެމްޑީޕީގެ ޑިމޮކްރަސީގެ މަންމަ) ފޮނުއްވީ އިލްޔާސް ފަޅިން އިބުރާ ފޮނުއްވި ބީދައިންނެވެ. ހަމަ އެއްގޮތަ ކަށެވެ. އެއް ބީދައަކުންނެވެ. އެއީ އެފްޕީއައިޑީން ބަޔަކު ވަގަށް ނެގި ފައިސާތަކެއް ހިމާޔަތްކޮށް ބޭނުންކުރަން ފެށުމަށް ބޭނުންކުރެވުނު ހިކްމަތެކެވެ.
ފަހެ، މިހުރިހާ ގޮތަކުން ރައީސް ވަހީދަށް ސިޔާސީ ދުއްޕާނާއި ސިޔާސީގޯނާ އިންތިހާއަށް ކުރެވުނެވެ. އެކަމަށް އެއްވެސް ބިރެއް ހުރަހެއް، ފަހަށް ބެލުމެއް ނެތިއެވެ. ނަޝީދު އަރިހުގައި ތިބި ގައުމަށް އިޚްލާސް ތެރި، އެމްޑީޕީ ފިކުރުގެ ހަގީގީ އަހުލު ވެރީންކަމަށްވާ، ޑިމޮކްރަސީގެ ހަގީގީބަތޮލުން ނަށް ޖެހުނީ މިރޭވުންތަކުގެ ސަބަބުން ނެތި ބާކީ ވެގެންދާށެވެ. ވެރިކަން ލިބުމުން އަރިހުގައި ގެންގުޅުއްވީ، މުޅިން އެހެން ބައެކެވެ. ހިތުތެރޭގައި ގައުމު އަމާޒަކަށް ހަދައިގެން އުޅުނު އަޅުގަނޑުމެން ފަދަ، ސަންދާނު އަހަންމައިދީ، ސަންދާނު ލުތުފީ ފަދަ އަދި ވެލްޒިނީ ކަހަލަ އިޚްލާސްތެރި ކަމުގައި ގައުމީ ކަންކަމުގައި ޖާނުދީގެން އުޅުނު ގައުމީ މީހުން ބާކީ ވެގެން ހިނގައްޖެއެވެ. އަދި ވެސް މީގެ ބޭފުޅުން މަޑުން ތިބޭތީ ފާހަގަނުވެ، އެތައް ބައިވަރު ބޭފުޅުންނެއް ފޮރުވިފައި ތިބޭނެކަން ކަށަވަރެވެ. ޑިމޮކްރަސީގެ ބަތޮލުންނަކީ އަސްލުގައި ހަގީގީފިކުރުގެ މަތީގައި ދެމިތިބި މީހުންނެވެ! އޭރު މިޒާތުގެ މިކަހަލަ ފިކުރުހުރި ހިންގުންތެރި ޒުވާންގެ ބޮޑުގްރޫޕެއް އަންނި ކައިރީގައި ޖަމާވެފައި ތިއްބެވެ! ވީނުވީއެއް ނޭނގި ރާވައިގެން މަސްރަހުން ގެއްލުވާލީ އެވެ. އަމިއްލަ ފައިދާތަކުގެ ދަހިވެތި ކަމުގައެވެ!
އާދެ! އަންނި ކައިރީގައި އެއް ހަށިގަނޑެހެން ތިބި، އަޅުގަނޑުމެން ފަދަ މީހުން ކައިރީގައި ވެރިކަމަށް އަރާނެ ވާހަކައާއި ވެރިކަން ދެމަހައްޓާނެ ގޮތަކާ ބެހޭ ގޮތުން، އެއްވެސް ކަހަލަ ވާހަކައެއް ޖަލުގައި ވެސް، ދަންވަރު ހޭލައިތިބޭ ގަޑީގައި ވެސް އަދި ބޭރުގައި އުޅޭއިރު ސިއްރުން ނަމަވެސް، ދުވަހަކު ވެސް ވިދާޅުވެފައެއް ނުވެއެވެ. އަބަދުވެސް މަޝްވަރާ ކުރެވެމުން ދިޔައީ އޮމާން އަމާން އިންސާފުވެރި އިންތީޚާބެއް ގައުމަށް ގެނެސްދީ ޕާޓީސިސްޓަމް ތެރެއިން ވެރިކަމުގެ ނިޒާމެއް ގައިމު ކުރުމުގެ ވާހަކަ ތަކެވެ. ވެރިކަން ބަދަލުކޮށް ގައުމު އިސްލާހު ކުރުމުގެ ވާހަކަތަކެވެ. ބޮޑު ޑިމޮކްރަސީއެއްގެ ވާހަކަތަކެވެ.
ޑިމޮކްރަސީގެ ބައްޕަ ކަމަށް ބެލެވުނު އަންނިގެ ބޮލަށް ވެރިކަމުގެ ދަހިވެތިކަން ވައްދައިދީ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް ހިތްވަރު ދިނުމުގައި ރައީސް ޔާމީނުގެ ވިސްނުން ވާނެކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެއެވެ. ހަގީގަތަކީ ހިނގަމުން މިދަނީ ފިކުރީ ހަނގުރާމައެއް ކަމެވެ. ދެވަނަ ބޮޑު ހަނގުރާމާގައި އިސްލާމީ ދައުލަތް ވައްޓަލީ ވެސް ފިކުރީ ހަނގުރާމަ ހެސްކިޔާފަ ހިންގައި ގެންނެވެ.
ފަހެ، މިދެކޭންޕުން ވެސް ސިޔާސީ ގޮތުން ވަހީދުގެ ސިޔާސީ ކެންޕޭނުތައް މުގުރާލުމަށް ބޭނުންކުރި ފުރަތަމަ އަމާޒުފަތް ގަނޑަކަށް ހަދާފައި ވަނީ، ސީދާ އަޅުގަނޑެވެ. އަޅުގަނޑަކީ، ރައީސް ވަހީދުގެ ޅިޔަނަކަށް ވެފައި ކިޔެވި އިރުން ފެށިގެން ސިޔާސީ ކަންކަމުގައި އަޅުގަނޑު އިސްކޮށް އުޅޭތީ މިފަރާތް ތަކަށް ހީވެފައި އޮންނަނީ، ވަހީދު ރާއްޖޭގެ ވެރިކަމަށް ގެނެއުމަށް ސިޔާސީ ރޭވުންތައް ރާވައިގެން ސިޔާސީ ކަންތައް ހިންގުމުގައި އެންމެ އިސްކޮށް އުޅެނީ އަޅުގަނޑު ކަމަށެވެ.
އާދެ! އަޅުގަނޑަށް ސިޔާސީ ގޮތުން އަރާފައި ހުރި ހުރިހާ ހަމަލާތަކެއް އަރާފައި ވަނީ ސީދާކޮށް އެގޮތުގެ މަތީންނެވެ. ރައީސް ވަހީދަށް ސިޔާސީ ގޮތުން ހުރަސް އެޅުމުގެ ގޮތުން ފިޔަގަނޑު ބިންދާލި ސިޔާސީ މީހުންގެ ތެރޭގައި އެއްވަނަ ނަންބަރަކީ އަޅުގަނޑެވެ. އެހެންވުމުން މިހާރު އަޅުގަނޑު ސިޔާސީ މައިދާނުންނާއި ރައީސް ޔާމީނުގެ ސަރުކާރު ތެރެއިން ނުފެންނަނީ އެހެންވެއެވެ. އެއީ އަޖައިބެއް ނޫނެވެ. މީޑިއާއިން ވެސް ޖާގަތައް ހުންނަނީ ބްލޮކުކޮށް ހުރަސް އަޅާފައެވެ. ޓިވީއެމް އަށް އެރުން އޮންނަނީ ޚަލީލެއް ލައްވައި ކުރިންނާއި މިހާރުވެސް އަބަދު މަނާކޮށް ފައެވެ. ރާއްޖެ ޓިވީއަށް އެރުން އޮންނަނީ އަކުރަމެއް ލައްވައި ބަޔަކު މަނާކޮށްފައެވެ. ވީޓީވީއަށް، އަދި ޗަންޕާ ޓިވީއަށް ނާރުވަނީ، ވިޔަފާރި ވެރީންނަށް މަޖްލިސް ތަޅުމުގައި އެއްޗެހި ގޮވީއޭ ކިޔާފައެވެ! އެތަންއޭރު ހިސާރުކޮށްފައި އޮތީ، އެ ޚަލީލެއް ހުރެގެންނެވެ. ގާސިމްގެ ފަރާތަކުންނެއް ނޫނެވެ. ޗަންޕާޓީވީ އަކީ ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓް އެންމެބޮޑަށް ސިޔާސީކުރި ޗެނަލެވެ. ގެނެސްދީފައި ވަނީ އަޅުގަނޑު ބުނަމުންދިޔަ އެއްޗެހި އޮޅުވާލައިގެން ޚަބަރު ހަދައި ގެންނެވެ.
ފަހެ، އަޅުގަނޑުގެ ދިރާސާ އަކީ، ރައީސް މައުމޫނާއި ރައީސް ޔާމީނައި ދެބޭންގެ ސިޔާސީ ވިސްނުމާއި ފިކުރު ވަރަށް ތަފާތު ކަމަށެވެ. އެއީ މުޅިން ދެ ވިސްނުމެއްގެ ތަފާތު ދެ ޝަޚުސިއްޔަތެކެވެ. މައުމޫން ގެންގުޅުއްވަނީ، އެމެރިކާގައި ޑިމޮކްރޭޓުން ގެންގުޅޭ ފިކުރުގެ ސިޔާސަތެވެ. ދުޝްމަނުން ބަލިކުރެވޭނީ ކައިރީގައި ވަޒިފާދީގެން ވަޒީރުންނަށް ދާންދެން ހަދައި ގެންގުޅެ ގެންނެވެ. ބޮޑުގަސް ފަސޭހައިން ކަނޑާ ވައްޓާލެވޭނީ އެމީހުން ލައްވައެވެ. މުސްލިމުން ބަލިކުރެވޭނީ މުސްލިމުން ގާތްކޮށް ހަމައެމީހުން ލައްވައި އެހެން މުސްލިމުން މަރައިގެންނެވެ. އެއުސޫލެވެ. ރައީސް ޔާމީނުގެ ހުންނަނީ ޓްރަމްޕް ފަދަ ބައެއް ރިޕަބްލިކަނުންގެ ހަރުކަށި ވިސްނުމުގެ ސިޔާސަތެވެ. ޖެހިޖެހީނުން ނައްތާލާފައި ކުރިޔަށް ދިއުމެވެ. ބޮޑުގަސް ހަނގުރާމަކޮށް އަރައިގަނެ ކަނޑާ ވައްޓާލާށެވެ. ސީދާކޮށް ބިރު ދައްކައިގެން ނުވިއްޔައި ހަނގުރާމަކޮށް ވެސް ބަލިކޮށް ނައްތާލާށެވެ. މުސްލިމުން ސީދާކޮށް ތަޅާއި މަރާ ހުސްކުރަންވީ އެވެ.
އާދެ! މިހާރު އަޅުގަނޑު މިހުރީ ތާޒާކަމާއި ޒުވާން ދުވަސްވަރު ފަހަނައަޅައި ގޮސް އުމުރުގެ ފަހުބަޔަށް އަޅާފައެވެ. އުމުރުން، 60 އަހަރު ވާން ކައިރިވެއްޖެ އެވެ. އެހެނަސް ސިޔާސީ ވިސްނުމާއި ފިކުރުގައި އަބަދުވެސް ހަމަބުއްދީގައި އަޅުގަނޑުގެ ސިކުނޑި ލެއްވިހާ ހިނދަކު، ހިތުންނާއި ސިކުނޑިން ފުރާނަ ނިކުމެގެން ދާންދެން، ގައުމީ އަދި ސިޔާސީ ކަންކަމުގައި ދެމި ހުންނާނަމެވެ. އަޅުގަނޑަކީ ސިޔާސީ މީހެއްކަމަށް އަދިވެސް ގަބޫލުކުރަމު އެވެ. ޒަމީރަށް އަންނަ ވާހަކައެއް ފާޅުގައި ބުނާނަމެވެ. ލިޔާނަމެވެ. ﷲ މިއަޅާ އެމަގުން ކުރިއަށް ގެންދަވާށިއެވެ! އާމީން!
އަޅުގަނޑުގެ މައްސަލައެއް އޭސީސީއަށް ވައްދައި ފެބްރިކޭޓް ކޮށް އީޖާދުކޮށް، އޭރުގެ ޕްރޮސިކިއުޓަރ ޖެނެރަލް މުއިޒަށް މަޖްބޫރުކޮށް ގެން ކޯޓަށް ވައްދާއި ރާއްޖެއިން ބޭރަށް ފުރުން މަނާކޮށްފައި ވަނީ، ސިޔާސީ ގޮތުން މިފަދަ ދަތިތައް ކުރިމަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ ތެރެއިން ރޭވިގެން ހިންގި ސިޔާސީ ޖަރީމާއެއްގެ ގޮތުގައެވެ. އަޅުގަނޑުގެ ސިޔާސީ ފިޔަގަނޑު ބިންދާލުމަށެވެ. ރާއްޖޭގެ ސިޔާސީ ޖައްވުގައި މިނިވަން ކަމާ އެކު، އުދުހުނަ ނުދޭށެވެ. މިއީ އިންސާނިއްޔަތާއި ޚިލާފު އަމަލެކެވެ. ބައިނަލް އަގުވާމީ ގާނޫނުތަކާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއައި ޚިލާފު ކަމެކެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ މި އަނިޔާތަކުގެ އެންމެ އަޑީގައި ހުރިއެކަކީ ރައީސް ޔާމީނާއި އޭނާގެ އޭރުގެ ބައެއް އައުވާނުންނެވެ.
އާދެ! އަޅުގަނޑު ދައުލަތުގެ ފައިސާ ގަނޑެއްގައި ދުވަހަކުވެސް ޖެހިފައެއް ނޯންނާނެ އެވެ. އަދި ދުވަހަކުވެސް ހައްގުނޫން ފައިސާ އެއްގައި ހިފާނެ މީހެއް ނޫނެވެ. އަޅުގަނޑަކީ، ރާއްޖޭގެ އަތޮޅުތަކު ތެރެއިން އެކިރަށްރަށުން ލާމަރުކަޒީ އުސޫލުން ހެސްކިޔާފަ ގޯތިތައް ދޫކުރިއިރު ފަސާދަ ހިންގައި ފައިސާނަގަން ނޭގުނު މީހެކެވެ. “އޭނައެއް ރިޝްވަތުގައި ނުހިފާނެއެވެ.” މިއީ މިހާރު ބައެއްމީހުންގެ ފަރާތުން އިވެމުންދާ އަޑެކެވެ. އަދި ބައެއް އަޅުގަނޑާ ބެހޭ ގޮތުން ލިޔެފައި އެދުވަސްވަރު ހުރި ލިޔުންތަކުގެ ފަހަތަށް، ނުވަތަ ތިރިއަށް ބައެއްމީހުން ކުރަމުން ގެންދާ ކޮމެންޓު ތަކުގައި ބުނެފައި ހުއްޓާ ފެންނަ ބަހެކެވެ. އަދި ދުވަހަކު ވެސް އޭނާއަކީ، އެފަދަ ހައްގުނޫން ފައިސާ އެއްގައި ހިފާނެ މީހެއްނޫނޭ ކޮމެންޓުކޮށް ލިޔެފައި ހުއްޓާ ފެނެއެވެ. ސަރުކާރުގެ ޒިންމާދާރު މަގާމެއްގައި ހުރެ، ބަންޑާރަބިމުން ގޯތި ދިނުމަކީ ނާޖާއިޒު ގޮތްތަކުން ފައިސާނެގޭނެ ދޮރެއް އޮންނަ ކަމެއްކަން ފުރަތަމަ ފަހަރަށް، އަޅުގަނޑުގެ ހިތަށް ވަނީ މިކޮމެންޓްތައް ކިޔުމަށް ފަހުއެވެ. އެދޮރުއެއީ ހުޅުވިފަ އޮންނަ ދޮރާއްޓެއްކަން އަޅުގަނޑު ހިތަށްވަތް ފުރަތަމަ ފަހަރަކީ މިވާހަ އަޑުއިވުނު ދުވަހެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑަކީ، އެފަދަ ފައިސާއެއްގައި ދުވަހަކުވެސް ހިފާނެ މީހެއް ނޫނެވެ. އަދި ނުވެސް ޖެހޭނެ މީހެކެވެ. އެކަހަލަ ބަދެލެއް ނަގަން ހިތަށް އަރާވެސް މީހެއް ނޫނެވެ. އަދި އަޅުގަނޑަކީ ދުވަހަކުވެސް އަމިއްލައަށް ވިޔަފާރި ކުރި މީހެއް ނޫނެވެ. އޮނަރަބްލް ހަމީދުގެ ބަދަލުގައި ދައުލަތުގެ ބޮޑު ޚަޒާނާ (ބަނޑޭރިގޭގައި ހުރި ކޮޓަރި ތިޖޫރި) ހުޅުވަން ތަޅުދަނޑި ދެއްވާފައި އަޅުގަނޑު ފޮނުވާ ހައްދަވާފައި ވާނީ، ކޮންމެވެސް އިތުބާރެއް އެމަނިކުފާނު އަޅުގަނޑަށް ކުރައްވާތީ ނޫންތޯއެވެ.
އާދެ! ޕީޕީއެމް ވެރިކަމަށް އަރަންދެން އަޅުގަނޑަކީ ރައީސް މައުމޫނާ ވަރަށްގާތް އެކަނި ތިބެގެން ޚިޔާލު ގަބަލުކޮށް ހެދި މީހެކެވެ. އެންމެ ބޮޑަށް ބަންދުވެ ސިޔާސީ ކަންކަމުގައި އުޅުނު އިރުވެސް ދިގުކޮށް ބައްދަލު ވުންތައް ރިޔާސީ ގަނޑުވަރު ތީމުގޭގައި ބާއްވަވާއި ގުޅުން ދެމިއޮތް މީހެކެވެ. ޚުދު އެމަކިފާނު ގުޅުއްވައި ވާހަކަ ދެއްކެވި މީހެކެވެ. އަދި މުހިންމު ބައެއް ކަންކަމުގައި ސައިކުރާ ނައީމްފަދަ ބޭފުޅުން ފޮނުއްވައިގެން ވާހަކަ ދައްތައް ކުރިޔަށް ގެންދެވި މީހެކެވެ. އެހެން އެވަނީ އަޅުގަނޑު ދުށްގޮތުގައި ޚިޔާލު ތަފާތުވިޔަސް ތެދަށް ވާހަކަ ދައްކައި އަމިއްލަ ނިޔަތާއި ގޮތުގައި ތެދުވެރިކޮށް ދެމި ހުންނާތީއެވެ. ކެރިގެން ތެދު ދަންނަވާކަން ފަހުމްވެވަޑައި ގަންނަވާތީއެވެ.
އާދެ! ސިޔާސީ މައިދާނަށް އަޅުގަނޑު ނުކުތީ އަޅުގަނޑަކީ ސިޔާސީ ގާބިލުކަން ހުރި މީހެއްކަން ހިތުގެ އަޑިން ދަނެހުރެ ގަބޫލު ކުރާތީއެވެ. ގަބޫލު އެކަނި ކުރާތީއެއް ނޫނެވެ! އަމަލީ ގޮތުން އެކަން ވާނީ، ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދީ ދައްކާފައެވެ. އެހެންވެ، އަލިފުދާލު އަތޮޅަށް ފުރަތަމަ ފަހަރަށް، 1999 ގައި ކުރިމަތިލީ ފަހަރު މަޖްލިސަށް ކެންޕޭން ކުރުމުގައި އަޅުގަނޑު ގެންގުޅުނީ، “އަހަންނަކީ ސިޔާސީ މީހެއް – ޅެންވެރިއެއް ނޫން!” މިމޮޓޯއެވެ. މިއީ ޒުވާނުން ވަރަށް ލޯބިކުރި އަދި ތާއީދުދިން މޮޓޯއެކެވެ.
އާދެ! އެބުރުގައި ހޮވުނީ، ގާސިމް އާއި ފުލުސްކޯޓު ގާޒީ، އަބްދުއްރަޝީދު އަލީ އެވެ. އެހެނަސް އަޅުގަނޑަށް ފުރަތަމަ ބުރަށް ބަލާފަ ފެންފުށި ކަހަލަ ރަށްރަށުން ގާސިމަށް ވުރެ މަދުވީ އެންމެ، 100 ވަރަކަށް ވޯޓެވެ. ދެވަނާގައި ހިފާއްޓާ ލެވުނެވެ. ދެތިން ރަށަކުން ދެވަނާގައި ހިފާއްޓާލެވުނެ. ކެމްޕެއިންގެ މައިގަނޑަކީ އަޚްލާގެވެ! އޯގާތެރިކަމެވެ! ބައެއްގެ ތެރެއަށް އަލަށް ގޮސް މިވަރު ކުރެވުމަކީ، ދިވެހިންގެ އަޚްލާގްގައި ހުރި މާތްކަމެވެ. ރޫހާނިއްޔަތު ހުރި ކަމެވެ!
ފުރަތަމަ އަލަށް ރައްޔިތުންގެ މަޖްލިސް އަށް ކުރިމަތިލީ، ތ. އަތޮޅު ގޮނޑިއަކަށެވެ. އޭރުއެއީ ކިޔަވައި ނިމިގެން ރާއްޖެ އައިތާ، 5 ވަނަ އަހަރެވެ. މާމަ އަދި މަންމަ ފަރާތުގެ އާއިލީ މީހުން، އެއަތޮޅުގެ ބޮޑެތިއާއިލާ ތަކުގައި ތިބޭތީއެވެ. އެމީހުންގެ އެދުމާވެސް އެކުގައެވެ. އެހެނަސް ހޮވުނީ، ހުސައިން މިނިސްޓަރ ކަމުގައި ހުންނެވި، އޮނަރަބްލް އަބްދުﷲ ޖަމީލް، މ.ދޫރެސް އާއި ވިލުފުށީ ހަސަން، ގ. ބޮޑުގާދޮށުގެ (ޖީސަސް އަފީފް) އެވެ. އަޅުގަނޑާއި ހުސައިންމަނިކު ދޮންމަނިކު ދިޔައީ، 3 ވަނަ އާއި، 4 ވަނަ އަށެވެ. އެއީ، 1989 ގެ އާންމު އިންތިޚާބެވެ. އަޅުގަނޑު ރައްޔިތުން މަޖްލީހަށް ކުރިމަތިލީ ފުރަތަމަ ފަހަރެވެ. ވިލުފުށީންނާއި މަޑިފުށިން އަޅުގަނޑު ފަޅިއަކީ، އަފީފު އާއިލާއެވެ. މިހާރު އެމްޕީ ރިޔާޒުރަޝީދުގެ ބައްޕަ ރަޝީދުބެ އާއިލާއާއި އަފީފުގެ ބައްޕަ ވިލުފުށީ މުދިންބެ އާއިލާ އެވެ. ވަރަށް ފުށޫއެރުމާ އެކުވެސް، މަޑިފުށި، ވިލުފުށި، އޮމަދޫ ފަދަރަށްތަކުން ނެގީ، އަޅުގަނޑާއި އަފީފެވެ. އަޅުގަނޑު ދިޔައީ ތިންވަނަ އަށެވެ.
ފަހެ، ދެން އެއްދައުރު ދޫކޮށްފައި އައި، 1999 ގެ އާންމު އިންތިޚާބުގައި، މަޑިފުށި، ވިލުފުށި، އޮމަދޫ، ކަނޑޫދޫ އާއިލީ މީހުން އެދިގެން އަޅުގަނޑު ނިންމީ، ތ. އަތޮޅަށް ކުރިމަތި ލާށެވެ. އެހެނަސް އަޅުގަނޑުގެ މިނިސްޓަރު ހަމީދަށް އެކަން އެނގިވަޑައި ގަތުމުން ގެއަށް ގެންދަވާފަ ހަވީރު ސަޔަށް ފަހު ވިދާޅުވެދެއްވީ، އެދާއިރާއަށް މިނިސްޓަރުގެ ރަށްޓެހިފުޅު ޙުސައިން މަނިކު ދޮންމަނިކު ހުންނެވުމާ އެކު ޝައިޚް (އަޅުގަނޑު) ބޮޑަށްރަނގަޅު ވާނީ، އދ. އަތޮޅަށް ބަދަލުކޮށް ލާށެވެ. އދ. އަތޮޅަކީ އޭރު އެއްގޮތަކަށް ވެސް ދަންނަތަނެއް ނޫނެވެ. ބައެއް ކަތީބުން ފިޔަވައި ދުވަހަކު ފެނިދެކިފައި ވެސް ވާބައެއް ދިރިއުޅޭ ހިސާބެއް ނޫނެވެ. އެހެނަސް މިނިސްޓަރު އެހީތެރިވެ ދެންވާނެކަމަށް ވިދާޅުވި އެވެ. ދެން އަޅުގަނޑު އެއްވެސް ދެބަސްވުމެއް ނެތި، ތ. އަތޮޅު ދޫކޮށް، އދ. އަތޮޅަށް ފޯމްތައްލައި އެއަޒުމައިގެން ކުރިޔަށް ދާން ތައްޔާރު ވީއެވެ. މިއީ އަޅުގަނޑު މަޖްލީހަށް ކުރިމަތިލީ ދެވަނަ ފަހަރެވެ. އދ. އަތޮޅަށް ކުރިމަތިލީ ފުރަތަމަ ފަހަރެވެ. މިފަހަރުން ފެށިގެން އަބަދުވެސް އަޅުގަނޑުގެ ސިޔާސީ ކެމްޕޭނު ތަކުގެ މެނޭޖަރުކަން ކޮށްދޭން ފެށީ، މައުހަދުއް ދިރާސާތުލް އިސްލާމިއްޔާ އިން ކިޔަވައި، ވަރަށް ތާޒާކޮށް ނިންމާލެއްވި އަޅުގަނޑުގެ ދަރިވަރެއް ކަމުގައިވާ، އަދި މަންތިރި މަޖައްލާ ނެރުމަށް އަޅުގަނޑާ އެކު ހުރިހާ މަސައްކަތެއްގައި ވެސް އުޅެދެއްވި، މުހަންމަދު ރިލްވާން (ރިލޭ) އެވެ. މި އިންތިޚާބަށް ފަހު، އަޅުގަނޑުގެ ކޮންމެ އިންތިޚާބެއް ގައިވެސް މިއަދާ ހަމައަށް ކުރި ހުރިހާ ކެމްޕޭނެއްގެ މެނޭޖަރަކީ ކުޅަދާނަ ރިލޭ އެވެ.
އާދެ! އެއަތޮޅު ހަރުބޭކަލުންގެ ތެރެއިން ގިނަބަޔަކަށް މިނސްޓަރު ހަމީދު ގުޅުއްވާފަ އަޅުގަނޑު ތައާރުފްވެސް ކޮށްދެއްވިއެވެ. އަހެންވެ، އަޅުގަނޑު ރިލޭ އާއެކު އަތޮޅަށް، ދިއުމުން އެބޭބޭކަލުންގެ އެހީތެރިކަމާއި ލޯބި ވަރަށް ފަސޭހައިން ހޯދައިގަނެ ވުނެވެ. އަޅުގަނޑުގެ މިޒާޖާއި ސިފަތައް ވަރަށްބޮޑަށް އެބޭކަލުން ބަލައިގަތެވެ. ޚާއްސަކޮށް އަންހެން ބޭފުޅުންނާ އެކު ވަރަށް ގާތް އެކުވެރިކަމެއް އުފެދުނެވެ. ޓީޗަރުންގެ ތެރެއިން ރައްޓެހި ގްރޫޕެއް އުފެދުނެވެ. ގްރޭޑް ނުވައެއް ދިހައެއްގެ ދަރިވަރުންގެ އެހީތެރިކަން ހެސް ކިޔާފަ ލިބުނެވެ. ރަށުތެރެއަށް އަޅުގަނޑާއި ރިލޭ ގޮވައިގެން ހިނގާ ގޭގެ ދެއްކުމުގައި ކެމްޕޭން ކަންތަކާ އުޅެދިނީ އެކުދީންނެވެ. އަދި ޒުވާނުންގެ ލޯބި ލިބުނެވެ. އދ. އަތޮޅަށް ހުރިހާ ދަތުރެއްވެސް ކުރީ ރިލޭއާއި ދެމީހުން އެކުގައި އެކަންޏެވެ. މިބުރުގައި އަތޮޅަށާއި އަތޮޅު ތެރެއަށް ދަތުރުކުރުމަށް އަޅުގަނޑުމެން ދެމީހުންނަށް އޮޑިއެއް ފަޅުވެރިންނާ އެކު ހަމަޖައްސައި ދެއްވީ، އަޅުގަނޑައި ތިމާގެ އައްބާސްބެ (އައްބަސް އަބްދުﷲ އެލިޔާ) އެވެ. އެއީ މުދާ އުފުލާގޮތަށް ގެގަނޑުލާއި ފާޚާނާއާ އެކު ހަދާފައިވާ އޮޑިއެކެވެ. އަތޮޅަށް ކުރިކޮންމެ ދަތުރެއް ވެސް ކުރީ މި އޮޑީގައެވެ. ބޭނުންވާ ވަރަކަށް ތިޔޮއެޅީ އަޅުގަނޑުގެ ޚަރަދުގައެވެ. އެއްފަޅުގައި ހުންނަ ކައިރީ ރަށްރަށަށް ކުދި އިންޖީނުއެޅި ބޮއްކުރާ ގެންގުޅޭ ބޭބެއިން އަޅުގަނޑުމެން ދެމީހުން އުފުލައިދީ ހެދީ ލޯބިންނެވެ. އަގެއް ކިޔައިގެންނެއް ނޫނެވެ. މިކެންޕޭނަކީ އެއްވެސް ފައިސާއެއް ޚަރަދު ކުރާނެ އަތުގައި ނެތި، ކުލުނާއި ލޯތްބާއި އުފެދުނު ގާތްކަމަކުން ހިންގުނު އާދަޔާޚިލާފު ކެމްޕޭނެކެވެ. އަޚްލާގުން ހިންގުން ހިންގުނު ކެމްޕޭނެކެވެ. މިދަރުން އަޚްލާގަކީ ފައިސާއަށް ވުރެ މާވަރުގަދަ ހަތިޔާރެއްކަން ރަގަޅަށް ދަނެގަނެވުނެވެ.
އަބަދުވެސް އެކުގައި އުޅޭ އެންމެންނަށް ކެއުމަށް އޮންނަނީ ނޫޑުލްސް އާއި ކަޅުސަޔެވެ. ރައްޓެހިވި އެކިގޭގެއިން ތަކެތި ގަނެދިނީމާ ތައްޔާރުކޮށް ދެނީއެވެ. ރޭގަނޑު ކެއުން ގިނަރޭރޭ ބާއްވަނީ، އެންމެން އެކުގައި ކާލާއި މަޖާކޮށްލާ ހެދުމަށް އެރަށެއްގައި ހުންނަ އެންމެ ގިނަމީހުން ވަންނަ ރެސްޓޯރަންޓެއް ގައެވެ. އެއީ މުނިފޫހި ފިލުވުމުގެ ގަޑިއެވެ. މިނޫން ޚަރަދެއް ނުހިނގައެވެ. ވީގެއްލުމެއްވީ ފަހުވަގުތުގައި އެހެން ބައެއް ފަރާތްތަކުން ފައިސާ ބައެއް ބޭކަލުންނަށް ދިނުމުން މަޖްބޫރުވެގެން ބައެއް މީހުންނަށް ފައިސާއަށް ވޯޓުލެވުމެވެ. މިގޮތަށް ވޯޓު ލެވިގެން އެހިތާމަ ކުރި މީހުން އަޅުގަނޑުމެން ދެމީހުން ވޯޓަށް ފަހު، ރައްޔިތުންގެ ޝުކުރައިގެން ކުރި ދަތުރުގައި ދިމާވެ އެވާހަކަތައް ދެރަވެ ހިތާމައާ އެކު ކިޔައިދީފައި ވެއެވެ. ފަހެ، މިއީ ރާއްޖޭގައި މިކަންކަން އަދި ހިނގާގޮތެވެ. އޮންނަ އާދަކާދަ އެވެ.
އާދެ! ރައީސް މައުމޫނަށް ފަހު، ކާމިނީފަޅީގައި ދެންހުންނެވި އުސްތާޒަކީ އޮނަރަބްލް ހަމީދެވެ. އަޅުގަނގުގެ މިނިސްޓަރު ހަމީދުގެ އިޝާރާތަކަށް، އދ. އަތޮޅުގައި ކެމްޕެއިން ފަށައިގަނެ ނިންމާލެ ވުނީ، ހަގީގަތުގައި ސިޔާސީ ގޮތުން މި ވާނުވާއެއް އަޅުގަނޑަށް ނުވިސްނި ހުރެއެވެ. މާ ފަހުން އަޅުގަނޑަށް ވިސްނުނީ، މިނިސްޓަރު ހަމީދު މިކަން ކުރެއްވީ ގެންގުޅުއްވި ބުއްދިވެރި ސިޔާސީ ވިސްނުން ފުޅެއްގައި، އެންދެރިމާގޭ އިލްޔާސްގެ ދެގޮނޑިން އެއްގޮނޑި އަޅުގަނޑަށް ހޯދައިދިނުމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ. ހަގީގަތަކަށް ވެގެން މި ދިޔައީ ހުސައިން މަނިކު ދޮންމަނިކުގެ ބަދަލުގައި އަޅުގަނޑަށް ގާސިމާ އެކު، ހަނގުރާމަތައް މިގޮތަށް ކުރަން ޖެހުމެވެ. ވާނުވާއެއް ނޭނގި ކޯޓަށް ވެސް އިންތިޚާބައިގެން އަޅުގަނޑަށް ދެވުމެވެ. މިކަމުގައި ދެގޮތުން ވެސް ކާމިޔާބު އޮތީ މިނިސްޓަރަށެވެ. އަޅުގަނޑުގެ ހިތްވަރާއި މަސައްކަތުން އެއްގޮނޑި ހޯދުނު ނަމަ، މިނިސްޓަރަށް ވާހަދެއްކޭހާ ކައިރިން ގޮނޑިއެއް ލިބުނީއެވެ. އަނެއް ފައިދާއަކީ ނުހޮވިއްޖެ ނަމަ، ގާސިމާ އެކު އިންސާފު ހޯދުމަށް އަރާރުން ވާނެތީއެވެ.
އެހެނަސް ފަހުން އަޅުގަނޑުގެ ތަބީއަތާއި އަޚްލާގު ގާސިމަށް އެނގިލެއްވި ހިސާބުން އަޅުގަނޑަށް ކަމޭހިއްތަވަން ފަށްޓަވައި ރައްޔިތުންގެ ބޮޑުމިޖިސް (ގާނޫނު އަސާސީ ހަދާމަޖްލިސް) އިންތިޚާބު 2004 ގައި އަޅުގަނޑަށް ނޭންގި އަޅުގަނޑަށް ތާއީދު ދެއްވިކަން ފަހުން އެނގުނެވެ. އެއީ އަޅުގަނޑު ދަސްވުމުން، ގާސިމް އަޅުގަނޑަށް ދެއްވި އިހްތިރާމެކެވެ. ގަދަރެކެވެ. އެކުގައި މަޖްލިސްގައި އުޅުމުގެ ފުރުސަތު ދެއްވީއެވެ. މިތަނުން ވެސް ދަސްވީ، މާތް އަޚްލާގަކީ ވަރުގަދަ ހިތިޔާރެއް ކަމެވެ.
ފަހެ، އިންތިޚާބުގެ މިދުވަސްވަރު އެއްގޮތަކަށް ވެސް ގާސިމެއް ނުދަންނަމެވެ. ވިސްނުން ހުންނަނީ އަބަދުވެސް އިލްޔާސަށެވެ. އެނގޭވަރަކީ ގާސިމަކީ އިލްޔާސް އުފެއްދެވި މަހްޖަނެއް ކަމެވެ. ކޯޓަށް ދާންޖެހުނީ، މި އިންތިޚާބުގެ ނަތީޖާއާ މެދު އަޅުގަނޑު ހިތްހަމަ ނުޖެހިގެން ނެވެ. ފައިސާ ބެހި ކަމުގެ ހެކިތައް ފާޅުގައި ފެންނަން ހުރީމައެވެ. އެކަމާ ހެދި، އދ. އަތޮޅުގެ ބުރުމާ އާއިލާގެ ބައެއް ދޮށީބޭފުޅުން އަޅުގަނޑާ ވަރަށް ނުރުހުން ފާޅުކުރިއެވެ. އެއަސަރުތައް މުޅިން ފިލައިގެން ދިޔައީ ފަހުން ގާސިމް އާއެކު ގުޅުން ގައިމުވެ، އެކުގައި އުޅެން ފެށި ހިސާބުންނެވެ.
އދ. އަތޮޅުގެ ދެވަނަފަހަރު ވެސް އަޅުގަނޑު ކެޓީ، ގާސިމު ވެސް ޖަލުން ނުކުންނެވުނު އިރު ހުންނެވީ ވަރަށް ބަލިހާލު ބޮޑުވެފައި ކަމުންނާއި ކެމްޕޭންގައި މުޅިން ވެސް އާއިލީ ބޭފުޅުން އުޅުއްވުމުން، އެބޭފުޅުންގެ ރުޅިގަނޑު އޭރުވެސް މުޅިން މައިތިރި ނުވެ ހުރުމުން ދެވަނައަށް އަޅުގަނޑަށް ވޯޓުދޭން އުނދަގޫ ވުމުންނެވެ. ފަހެ، އދ. އަތޮޅުގައި އަލަށް ކެމްޕޭން ކުރި އެދުވަސްވަރު އަޅުގަނޑާ މެދު، ގާސިމަށް ބޮޑަށް ހީކުރެއްވިފައި އޮންނަނީ، އަޅުގަނޑަކީ، އަބޫޢަންމާރު ޝައިޚް އިލްޔާސް ހުސައިން އިބްރާހިމް (އަދާލަތު) ކަމަށެވެ.
އާދެ! އަދިވެސް އެދުވަސް ވަރުގެ ރައްޓެހިންނަށް އަޅުގަނޑު ފެނުމުން ގެންގޮސް ކޮފީމޭޒަށް އަރުވާ ހަދައެވެ. ވަރަށް ކުލުނާއި އޯގާތެރި ކަމާ އެކު ބައްދަލު ކުރެއެވެ. އަދި ފަހުން ގާސިމުގެ ލޯތްބާއެކު ބޮޑުމަޖްލީހަށް ވަދެވި އަޅުގަނޑުގެ ދައުރު މަޖިލީހުގެ ތަޅުމުން ދެކެފައި ތިއްބެވި ރާއްޖެތެރޭގެ ބައެއް ބޭފުޅުން، ފެނުނު ދުވަހަކުން ސައިދޭން ނަދުރުބުނެފައި ތިބުމުން، އެނަދުރު ފުއްދާންވެގެން އަޅުގަނޑަށް ސައިދޭތަން ވެސް އާދެއެވެ. ހަމައެކަނި ލޯބިން އަނގައިން ބުނެލާ ހިތުންނެވެ. ވާހަކަ ދައްކާލައި ހަދާލާށެވެ. ލޯތްބަކީ އެއީއެވެ!
ސ، ދޭއް: އިލްޔާސް ރައްޔިތުންގެ ބޮޑުމަޖިލީހުގެ، އދ. އަތޮޅުގެ މެމްބަރުކަން، 2004 އިން ފެށިގެން، 2008 އަށް ކުރެއްވީމު އެވެ. އެތަޖްރިބާ ތަކުގެ އަލީގައި އެތާ މަޖިލީހުގައި އޭރުތިއްބެވި ލޯމޭކަރުންނަށް، ރައްޔިތުންގެ ފައިދާއަށް ގާނޫނުތައް ފަރުމާލުރެވި ދާނެތޯ، ނުވަތަ ފަރުމާކުރާ އެގާނޫނުތައް ހުންނަން ވާނީ، އެމެންބަރުން މަޖިލީހަށް ހޮވައިދޭ ވަކިބާރެއްގެ ފައިދާތަކަށް ލިމިޓްކުރެވި ހިސާރުވެފައި ތޯއެވެ؟
ޖ، ދޭއް: ރައްޔިތުންގެ ބޮޑު މަޖިލީހުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގެ ތަޖުރިބާއަށް ބަލާފައި އެއްޗެއް ދަންނަވާލަން އެދުމުން، ކުރު ޖުމްލައަކުން ނަމަ ދަންނަވަން ޖެހެނީ، އޭރު ބޮޑު މަޖިލީހުގައި ތިބި މީހުންނަށް ވެސް އަދި މިހާރު ގާނޫނުހަދަން ތިބި މީހުންނަށް ވެސް، ރައްޔިތުންގެ ވިންދައި އެއްގޮތަށް ރައްޔިތުންގެ ފައިދާއަށް ގިނަ ގާނޫނުތައް ފަރުމާ ނުކުރެވޭ ވާހަކައެވެ. އަދި އެއްގޮތަކަށް ވެސް، މެމްބަރުން ގަނެގެން ތަޅުމަށް ގެނެސް ވައްދައިދީފައި އެތިބޭ ބާރުވެރިންގެ އަމިއްލަ ނުފޫޒާއި މަސްލަހަތުތައް އެތަޅުމުގައި ދިފާއު ކުރެވި، ވަކިބަޔަކަށް ފައިދާ ނެގޭގޮތަށް ލިމިޓުކުރެވިގެން ނުވާނެއެވެ.
ފަހެ، އެފަދަ ގޮތަކަށް ފަރުމާކުރާ ގާނޫނަކީ، ރައްޔިތުންނަށް ފައިދާއެއް، މަންފާއެއް ކުރާނެ ގާނޫނެއްނޫން ކަން ކަށަވަރެވެ. އަމުދުން މިހާރު މިދުވަސްވަރު ވެސް މިރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގައި އާދައަކަށް ވެފައި މިއޮންނަ ގޮތުން، ފައިސާހުރި ވަކި ނުފޫޒެއްގެ ބާރަކަށް އެދާއިރާއެއްގެ، 5000 މީހުންގެ ތެރެއިން ކާމިޔާބު ހޯދޭ އަދަދަށް ވޯޓު ގަނެލައިގެން މެމްބަރަކަށް ފަސޭހައިން އާދެވެއެވެ. މި ނާތަހުޒީބު އާދަ އެކުގައި ނައްތާލާއި ބަދަލުކޮށް ލައިގެން ނޫނީ، ރައްޔިތުން އެދޭގޮތަށް ރައްޔިތުންނަށް އެންމެ ފައިދާ ބޮޑުގޮތަށް ގާނޫނުތަކެއް، އަދި ގާނޫނު އަސާސީއަށް ވިޔަސް، ފަރުމާއެއް ނުކުރެވޭނެ އެވެ. ފަހެ، މިއީ ބަދަލުވާން ޖެހޭ މުޅިން ބާތިލު ހަމައެކެވެ.
މިދިޔަ ބޮޑު މަޖިލީހުގައި ސީދާ އަޅުގަނޑަށް މިފަދަ ކަންތައް ވަނީ، އަމަލީގޮތުން ކުރިމަތި ލާންޖެހި ތަޖުރިބާ ކުރެވިފަ އެވެ. ތަޅުމަށް ފައިސާއިން ވޯޓުގަނެގެން ވަދެ ތިއްބެވި ބައެއް ވިޔަފާރި ވެރިންނާއި އެމީހުންގެ މަންދޫބުން ބޭނުންވީ، ރިޒޯޓުތައް ސަތޭކަ އަހަރަށް، ނުވަތަ މުއްދަތެއް ނެތި އަބަދަށް އެބައެއްގެ ދަރިފަސްކޮޅަށް ވާރުތަ ވެގެންދާ ފަދަ މިލްކެއްގެ ގޮތުގައި ބޭއްވުމަށެވެ. އެހެން ނަމަވެސް ރައްޔިތުންނަށް އިޚްލާސްތެރި ރައްޔިތުންގެ ފައިދާއަށް ވިސްނާ، އަޅުގަނޑުމެން ކަހަލަ، މަދު އެމްޕީންގެ ވިސްނުން ހުރީ، ރައްޔިތުންގެ އެންމެ ހައްގުކަން ބޮޑު މިލްކިއްޔާތު ކަމުގައިވާ ފަޅުރަށްތައް ވަކިބައެއްގެ އަމިއްލަ ފައިދާއަށް އެއާއިލާގެ ވާރުތައެއްގެ ގޮތަށް މުޅިއުމުރަށާއި މުޅިހަޔާތަށް ނުދިނުމަށެވެ. އެހެނަސް ވަކި މުއްދަތަކަށް، އަޑި އެނގޭގޮތަށް ބިޑަށް ހުޅުވާލައިގެން ކުއްޔަކަށް ދިނުމަށެވެ. ރާއްޖޭގައި މިއޮންނަ ގޮތަށް ދެތިންހަތަރު ވިޔަފާރި ވެރިއަކު އެރަށްތަކުން ފައިދާ ނެގޭގޮތަށް ނުބޭއްވުމަށެވެ. އެހެނަސް ނުފޫޒު ހުރި ސަރުކާރުގެ ތާއީދު އޮންނަ ބާރުވެރި މަދުބަޔަކު ފައިސާ ޚަރަދުކޮށްގެން އަމިއްލައަށް ވަދެތިބެ، އަދި އެމީހުން ފައިސާ ޚަރަދުކޮށްގެން ވައްދާފައި ތިބި އައުވާނުން ފަދަ އެމްޕީން ތަޅުމުގައި ގިނައިން ތިބުމުގެ ސަބަބުން ގިނަބިލްތައް ނިމިގެން ދަނީ، އެފަދަ ފަރާތްތަކުގެ ފައިދާއާއި މަސްލަހަތު ހިމެނޭ ގޮތަށެވެ.
ފަހެ، މިއިޝޫގައި، ރައްޔިތުންގެ ފައިދާއަށް ވިސްނުންހުރި މަދު އެމްޕީންގެ ސާފު ސަރީހަ ވިސްނުމަކީ، ރައްޔިތުންގެ ފައިދާއައި އެއްގޮތަށް ރައްޔިތުންގެ މިލްކުކަމުގައިވާ ފަޅުރަށްތައް ބިޑުކޮށް ދޫކުރުމަށެވެ. އަދި ފުރަތަމަ ދޫކުރާ ވިއްސަކަށް އަހަރުގެ މުއްދަތު ހަމަވުމުން އަލުން ބިޑަށްލައި ވާދަވެރިކޮށް ދޫކުރެވޭނެ ނިޒާމަކަށް ދިއުމަށެވެ. އަދި ރައްޔިތުންގެ ތެރެއިން ބޭނުންވާ ފަރާތްތަކަށް އެފަދަ ރަށްތަކުން ހިއްސާ ގަނެވޭގޮތަށް ހުޅުވާލާފައި އޮތުމަށެވެ. ނުވަތަ ދިވެހީން މަތީ އަދަދަކަށް މެދުފަންތީގެ ވަޒީފާތަކުގައި ގެންގުޅެފައި މަދު އަދަދަކަށް މެނޭޖުމަންޓުގައި ދިވެހިން ގެންގުޅެފައި ވަކި މުއްދަތެއްގައި ވަޒީފާ އަދާކުރުމުން އެފަދަ ދިވެހީންނަށް ހިއްސާއެއް ދިނުން ފަދަ، ސީދާކޮށް ރައްޔިތުންނަށް ފައިދާ ބެހިގެންދާނެ ނިޒާމަކަށް އެރަށްތައް ދިނުމެވެ. ސަތޭކަ އަހަރަށް ނުވަތަ ވާރުތަ މުދަލެއް ގޮތަށް އެއްބަޔަކަށް އެއް އާއިލާއަށް ފައިދާ ބެހިގެން ދާގޮތަށް ނުބޭއްވުމަށެވެ.
ފަހެ، ދަންނާށެވެ! މިނުފޫޒަކީ މަޖިލިސް ތަޅުމުން ކަނޑުވާލަން ޖެހޭ ވިހަގަދަ ޒަހަރެއް ފަދަ ނުފޫޒެކެވެ. ދެތިން ހަތަރު ވިޔަފާރިވެރީން ވެގެން ކޮންޓްރޯލް ކުރާ މަޖިލީހެއް އޮވެގެން ނުވާނެއެވެ. ބަރުލަމާނީ ނިޒާމެއް އަތުވެއްޖެ ނަމަ، އަމުދުން މިއީ ވަރަށްގޯސް ކަމަކަށް ވާނެއެވެ. އަދި މިކަހަލަ ވެރިކަމެއް ވެސް އޮވެގެން ނުވާނެއެވެ. މިސާލަކަށް އިހަކަށް ދުވަހު މަޖިލީހުގެ ތަޅުމުގައި ހިންގި ނުބައި ކަމަކަށް ނަޒަރުކޮށް ލައްވާށެވެ. އެމްޕީ ފައިސަލް ފަތުރުވެރިންގެ ބިލަށް ރިޒޯޓު މެނޭޖްމަންޓުގައި ދިވެހި މުވައްޒަފުން، ފަންސާސް ޕަސެންޓަށް ބައިތިއްބުމަށް ހުށަހެޅުއްވި އިސްލާހުގެ ބިލް ވެސް ބަލައިލުމެއް ކަހާލުމެއް ނެތި، ތަޅުމުން ބޭރުކޮށްލީ އެވެ. އެއްވެސް ވިސްނާލުމެއް ބަހުސެއް ކުރުމެއް ނެތިއެވެ. އިދިކޮޅަށް ތިބި އެމްޕީންގެ ޚިޔާލުތައް އެންމެ މަދުމިނުން އިއްވާލެވޭނެ ފުރުސަތު ރިޔާސަތުން ނުދެއްވީއެވެ.
ފަހެ، އަޅުގަނޑުގެ ނަޒަރުގައި، މަޖްލިސް ތަޅުމުން ނޭދެވޭ ނާތަހުޒީބުގެ މި ނުފޫޒު ކަނޑުވާލުމަށް އެޅޭނެ އޮތީ ހަމަ އެންމެ ހައްލެކެވެ. ލޮބުވެތި ރައްޔިތުން ކައިރިއަށް، ނަގުދު ފައިސާ ގޯނިގޯނީގަޔާއި ސިޓީއުރަ ތަކުގައި ހިފައިގެން ވޯޓުގަންނަން އައުމުން އެފައިސާގައި ހިފުމަށް ފަހު، ރަނގަޅަށް ވިސްނާފައި ރައްޔިތުންނަށް އެންމެ ވަފާތެރިވާނެ މީހަކަށް ތިމާގެވޯޓު ލުމެވެ. ދޭފައިސާއެއް ވިއްޔާ ހަދިޔާއެއްގެ ގޮތުގައި ހިތުން ނިޔަތްގަނެ ގަބޫލުކުރާނީ އެވެ.
އާދެ! އަދި ފެންނަން މިއޮތް ދިވެހި ސޮސައިޓީ ތަކުގައި ދިއްކޮށްލާ ނަގުދު ފައިސާއެއް ނުހިފައި ދޫކޮށްލަން ކެރޭވަރުގެ އީމާންތެރި އަގީދާ ވަރުގަދަ ރައްޔިތުން ވަރަށް މަދުވާނެއެވެ. ވީމާ އަޅުގަނޑުގެ ބަހަކީ، މިކަންކަމުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަކީ، ސޮސައިޓީ ތަކުގެ ލީޑަރުންނާއި މިސްކިތްތަކުގެ އިމާމުންނާއި އިސްލާމިކް މިނިސްޓްރީގެ މައްޗަށް އިންތިޒާމު ކޮށްގެން ހިންގަންޖެހޭނެ ލާޒިމު ކަމެކެވެ. އިބްތިދާއި ތައުލީމުގެ ފިލާވަޅުތަކާއި މަންހަޖު ތެރޭގައި ތައުހީދާއި ރޫހާނިއްޔަތާއި ތަހުޒީބު ޑިމޮކްރްސީގެ މިބައިތައް އުގަންނައިދީ، ތެދުވެރިކަމާއި އީމާންތެރިކަން ހިތުތެރޭގައި އިތުރުކޮށް، މާއްދީ ފައިދާތަކަށް ނަފްސުގެޒަމީރު ވިއްކާލުމަކީ، މުޅި ރައްޔިތުންނަށް ވެގެންދާނެ ފޫނުބެދޭ ބޮޑު ގެއްލުމެއް ކަމުގައި ކުޑަ އިރުއްސުރެ ޅަކުއްޖާގެ ޅަފަތުގެ ސިކުނޑިއަށް ވައްދައިދީ ބިންވަޅު ނަގައި ދިނުމަކީ، އަދި ވަކިން ޚާއްސަކޮށް އަޅުގަނޑު މެންނަކީ، ދީނީ މުޖްތަމައަކަށް ވާތީ ވަރަށް ބޭނުންތެރި މުހިންމު ކަމެކެވެ.
ސ، ތިނެއް: އިލްޔާސް ވަނީ، ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި، ކޮންޓްރޯލަރ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމު މީގެކުރިން އަދާކުރައްވާފަ އެވެ. އަދި ފަހުން ކުރީގެ ރައީސް ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ވެރިކަމައި ހަވާލުވެވަޑައި ގަތުމުން އިލްޔާސް ވަނީ، ސްޓޭޓް މިނިސްޓަރ ފެންވަރުގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް އެންޑް އެމިގްރޭޝަންގެ މަގާމައި އަލުން ދެވަނަ ފަހަރަށް ހަވާލު ކުރައްވާފަ އެވެ. ވީމާ އިލްޔާސް ގަބޫލުކުރާ ގޮތުގައި މޯލްޑިވްސް އިމިގްރޭޝަން އަށް ބަދަލެއް ގެނެސް ރިފޯމް ކުރަން ޖެހޭތޯއެވެ. އަދި އެކަމަށް ދެއްވާނެ އިންސާފަކީ ކޮބައިތޯ އެވެ؟
ޖ، ތިނެއް: ކުރުގޮތަކަށް ދަންނަވަނީ ނަމަ ދަންނަވާނީ، ބޮޑެތި ބިޔަ ބަދަލުތަކެއް ވަރަށް އަވަހަށް މޯލްޑިވްސް އިމިގްރޭޝަނަށް ގެންނަންޖެހޭ ވާހަކަ އެވެ. އަދި އެބަދަލުތައް ގެނެވޭތޯ އަޅުގަނޑައި ހަވާލުވި ދެމަރުހަލާގައި ވެސް ހިތްވަރާއެކު ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރީމެވެ. އެހެނަސް އެ މަސައްކަތުގައި ފެއިލްވާން ޖެހުނީ ދެފަހަރު މަތީން ވެސް، ސީދާ އަޅުގަނޑަށެވެ. އެ މުއައްސަސާ އަދިވެސް އޮތީ އެންމެ ކުރިންވެސް އެތަންއޮތް ބީދައަށް ހަމަ އެބައްޓަމަށް އޮޓޮމެޓިކުމެޝިނެއްހެން ހިނގަހިނގައެވެ. ހަރުދަނާ ކަމެއް ގެނެވިފައެއް ނުވެއެވެ.
އާދެ! އަޅުގަނޑަށް މޯލްޑިވްސް އިމިގްރޭޝަނުގައި ޚިދުމަތް ކުރުމުގެ ފަޚުރު ފުރަތަމަ ފަހަރަށް ލިބިގެން ދިޔައީ، ދިވެހިރާއްޖޭގައި ރައީސް މައުމޫނުގެ ދިގު، 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނެސް، މަލްޓިޕާޓީ ސިޔާސީ ސިސްޓަމެއް ގައިމުކޮށް ކޯލީޝަނެއް “އެމްޑީޕީ އިއްތިހާދު” ގެނަމުގައި އުފައްދާއި އިންތިހާއަށް ވާދަވެރިކޮށް ރިޔާސީ އިންތިޚާބެއް ކާމިޔާބުކޮށް އާގާނޫނު އަސާސީއެއްގެ ދަށުން، މުޅިން އާސަރުކާރެއް ދިވެހި ދައުލަތުގައި ގައިމު ކުރެއްވި ޒުވާން ލީޑަރު މުހަންމަދު ނަޝީދު އާއި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ޑޮކްޓަރު މުހަންމަދު ވަހީދު ހަސަން މަނިކުއާ ގުޅިވަޑައިގެން އެކުލަވާލެއްވި ކޯލީޝަން ސަރުކާރުގައި، 2008 ވަނަ އަހަރުއެވެ.
ފަހެ، މިދެބޭފުޅުން ގާނޫނީ ގޮތުން ކުރަންޖެހޭ ހުވާ ކުރެއްވުމަށް ފަހު، އެކުލަވާލި ސަރުކާރުގެ އޮނިގަނޑުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުގައި ހިންގަމުން ގެންދާ ގޮތަށް ހަމަޖެއްސެވި، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން (ފަހުން މޯލްޑިވްސް އިމިގްރޭޝަން) ގެ ކޮންޓްރޯލަރގެ މަގާމް، ޑެޕިއުޓީ މިނިސްޓަރެއް ފެންވަރުގައި ރައީސް ނަޝީދު ފުރަތަމަ ފަހަރަށް ދެއްވީ އަޅުގަނޑަށެވެ. އެއީ، 13 ނޮވެންބަރު 2008 ވަނަ ދުވަހުއެވެ. އަދި ތިން ވަރަކަށް މަހަށް ފަހު، ސްޓޭޓް މިނިސްޓަރު ފެންވަރަށް އަޅުގަނޑުގެ މަގާމު ފަތްކޮޅަކުން ހަމަ ޖެއްސެވީ ވެސް ރައީސް ނަޝީދު އެވެ. އެއީ، 15 ޖެނުވަރީ 2009 ވަނަ ދުވަހުއެވެ. އެކަން ކުރެއްވީ ސުވާލުގައި އެވާގޮތަށް، ރައީސް ވަހީދުގެ ވެރިކަމަކު ނޫނެވެ.
ފަހެ، އެދުވަސްކޮޅު، އިމިގްރޭޝަން ހިންގަމުން ދިޔައީ، މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މިނިސްޓަރަށް ރިޕޯޓު ކުރާގޮތަށެވެ. މުޅިން މުސްތަގިއްލު ކޮށް ވަކި ޚާއްސަ ގާނޫނެއްގެ ދަށުން ހިންގަމުން ގެންދާ އިދާރާއެއްގެ ގޮތަށެވެ. ރައީސް މައުމޫނު ވެރިކަމުގެ ފަހުކޮޅުގައި ވަނީ، “އިމިގްރޭޝަން ގާނޫނު” ނަމުގައި މުޅިންއާ ގާނޫނެއް ހަދައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރައްވައި، ގެޒެޓް ކުރެއްވުމަށް ފަހު، އެގާނޫގެ ދަށުން މުސްތަގިއްލު ކޮށް އެއިދާރާ ހިންގަވާން ފަށްޓަވާފަ އެވެ.
ފަހެ، އެގާނޫނުގެ ދަށުން ކޮންޓްރޯލަރަށް ވަރަށް ގިނަ ބާރުތައް ލިބިދީފައި ވެއެވެ. އެކަން އަވަސް އަރުވާލައްވާފައި އޭރުގެރައީސް ކޮށްނިންމަވާ ލެއްވީ، ޑީއާރުޕީން ރިޔާސީ އިންތިޚާބަށް ނުކުންނެވުން ތައްޔާރުވެ ތުންފަތް މަތީގައި ވާތީ، ރިޔާސީ ކެންޕޭނަށް އެޅުއްވި އިސްލާހީ ފިޔަވަޅު ތަކުގެ ތެރެއިން ކަމެއްގެ ގޮތުގައެވެ. ހަމަ އެދުވަސްކޮޅު ތެރޭގައި އިލެކްޓްރޯނިކް ޕާސްޕޯޓެއް މުޅި މިރީޖަންގައި ވެސް އެކަން ކުރެވިފައި ނުވަނިކޮށް ފުރަތަމަ ފަހަރަށް މިރާއްޖޭގައި ތައާރުފް ކުރެއްވި އެވެ. އަދި ވެސް މިނޫނަސް ގިނަގުނަ ސިޔާސީ ކަންކަމަށް އިމިގްރޭޝަން އެދުވަސްކޮޅު ބޭނުން ކުރެވިފައި ހުރިކަން، އަޅުގަނޑު ހަވާލުވެގެން އެއިދާރާއަށް ވަނުމުން ސާފުވި އެވެ.
އާދެ! އޭރު ޑީއާރުޕީ ހިންގަވަން އިސްކޮށްފައި ހުންނެވީ، އާގާނޫނުގެ ދަށުން ހަމަޖެހިގެންދިޔަ އޭރުގެ ޒުވާން ކޮންޓްރޯލަރެވެ. އެހާގިނަ ގަދަފަދަ ބާރު ތަކުގައި ހުންނެވުމުން ވަރަށް ގިނަ ސިޔާސީ ފައިދާތައް އޮތީ އެއިދާރާ ތެރެއިން ނެގޭގޮތަށް ހުޅުވިފައެވެ. އެއިދާރާ އޭރު އޮތީ ބޭނުން ވަރަކަށް ސިޔާސީ ފައިދާތައް ނެގޭގޮތަށް ބައްޓަން ކުރެވިފައެވެ. ހިތާމައަކީ، މިގާނޫގެ ދަށުން ބާރުތައް ލިބިދީފައި އޮތް އިރުވެސް އިދާރީ އިސްލާހީ ގޮތުން އޮފީސް ތެރޭގައި ބޮޑުކަމެއް ހިންގިފައި ނެތްކަމެވެ. ފަހަރުގައި އޭރުގެ ކޮންޓްރޯލަރ ސިޔާސީ ގޮތުން ޑީއާރުޕީ ހިންގެވުވުމުގައި އެދުވަސްކޮޅު އިސްކޮށް އަވަދިނެތި އުޅުއްވުމުގެ ބިޒީކަމުން އެހެންވީ ކަމަށް ވެދާނެއެވެ.
ފަހެ، މިގާނޫނުގެ ދަށުން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް ހެދިފައެއް ނެތެވެ. ޕާސްޕޯޓްއާ ބެހޭ ގާވާއިދެއް ހެދިފައި އޮތީ މާކުރީގައި އެގަވާއިދު ހަދާފައި އޮތުމުން ނެވެ. އަޅުގަނޑުގެ މަތިން ހޯމް މިނިސްޓަރަކަށް ހުންނެވީ، އާހޯމް މިނިސްޓަރު އޮނަރަބްލް ގާސިމް އިބްރާހީމެވެ. އެބޭފުޅާ އަކީ އަޅުގަނޑަށް ވަރަށް ގިނަ އިރުޝާދާއި އެހީތެރިކަން މިއިދާރާ ހިންގުމުގައި ދެއްވި ބޭފުޅާއެވެ. މިދިމާއަށް އަޅުގަނޑު ގެންދިޔަ ހަގީގީ ބޭފުޅަކީ އެމަނިކުފާނެވެ. ރައީސް ވަހީދެއް ނޫނެވެ. އަދި އެމްޑީޕީއެއް ވެސް ނޫނެވެ. އެއީ ގޯސް ވިސްނުމެކެވެ. ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރުމުގެ އިސްފަރާތަކީ ވެސް ޚުދު އޮނަރަބްލް ގާސިމެވެ. ފުރަމަ ފަހަރުވެސް އޭނާ އެދިވަޑައިގަތީ، ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އަޅުގަނޑު ސަރުކާރަށް ވެއްދުމަށެވެ. އެހެނަސް އެމްޑީޕީން އެކަންނުކޮށް ފަސްޖެހުނީއެވެ. އޭނާގެ ދަށުން އިމިގްރޭޝަން ހިންގާ ގޮތަށް އޮތުމުން، ކޮންޓްރޯލަރަކަށް ގެނައުމުގެ މޭސްތިރި އަކީ ވެސް ގާސިމެވެ. އަޅުގަނޑު އަބަދުވެސް ގާސިމަށް ޝުކުރުވެރި ވާނަމެވެ. އެއީ ދުވަހަކުވެސް އަޅުގަނޑުގެ ހަނދާނުން ގެއްލިގެން، އަދި ފޮހެވިގެން ނުދާނެ އަޅުގަނޑު ލޯބިވާ ޝަޚްސިއްޔަތެކެވެ.
ކޮންޓްރޯލަރ މަގާމުގެ ފަތްކޮޅު ދެއްވި ދުވަސް ދޫކޮށް އަނެއްދުވަހު، 14 ނޮވެންބަރ 2008 ގައި އަޅުގަނޑު އަލަށް އޮފީހަށް ހާޒިރުވުމުން، އެދުވަހު މޯލްޑިވްސް އިމިގްރޭޝަން ގައި ތިއްބެވި ހުރިހާ ވެރިން އަޅުގަނޑަށް މަރްހަބާ ކިޔުއްވިއެވެ. އަދި ކޮންޓްރޯލަރަށް ޚާއްސަ ކުރެވިފައި ހުރި، ވަރަށްރީތި ކޮޓަރިއަށް އަޅުގަނޑު ގެންގޮސް މާސިންގާމޭޒެއް ކައިރީގައި ހުރި އަތްގަނޑުލީ ބޮޑުގޮނޑިއެއް އިށީނުމަށް ދެއްކެވިއެވެ. އޭރު އެ މޭޒުމަތީގައި ބޮޑުމާސިންގާ ދެމޮނީޓަރ ލާފައިހުރި ކޮންޕިއުޓަރ ސިސްޓަމެއް ބަހައްޓާފައި ހުއްޓެވެ. ފުރަތަމަ އަހާލަން ޖެހުނީ ދެމޮނިޓަރ މިހިރީ ކީއްވެ ހެއްޔެވެ؟ ޖަވާބުއައީ އެކެތި އެއީ ބޯޑަރ ކޮންޓްރޯލް ސިސްޓަމުން އުނި އިތުކޮށް ހަދައި، އަދި އެންޓްރީ ކުރާ ހުރިހާ އެންޓްރީތަކަށް ވަދެވޭގޮތަށް ޚާއްސަ ކުރެވިފައި ހުންނަ ސިސްޓަމަކާއި އޮފީސް އެހެން މަސައްކަތަށް ބޭނުން ކުރަން ހުންނަ ކޮމްޕިއުޓަރ ސެޓް ކަމަށެވެ.
ފަހެ، އެޗާލު ރީތި ބޮޑު ކޮޓަރީގައި ކުޑަ އިރުކޮޅަކު ދެ ޑެޕިއުޓީންނާ އެކު ވާހަކަކޮޅެއް ދައްކާލާއި ބަދަލުކޮށް ލުމަށް ފަހު، ދިޔައީ އޮފީހުގައި އެދުވަހު ތިއްބެވި ހުރިހާ ސީނިއަރ ސްޓާފުންނާ އެކު، ސްޓާފް މީޓިންއެއް ބޭއްވުމަށް ކޮންފަރެންސް ހޯލް އަށެވެ. އަދި އަނެއްދުވަހުން ފެށިގެން ކޮންމެ ދުވަހަކު ހެދުނު، 8:00 އިން ފެށިގެން، 8:30 އަށް ހުރިހާ އިސްވެރިންނާ އެކު، ސްޓާފްމީޓިން ބާއްވަން ހަމަޖައްސައި އެކަން އެއިދާރާގައި ހުރިހާ ދުވަހަކު ބަރާބަރަށް ގަވައިދުން ކުރިޔަށް ގެންދިއައިމެވެ. ހިންގުމުގެ މަޝްވަރާތައް ދުވަހުން ދުވަހަށް ކުރަނީ. މިބައްދަލު ވުމުން ނިންމައި ގެންނެވެ. މިއީ އެއިދާރާގައި މުޅިން އަލަށް ފެށުނުކަމެއް ކަމުގައި އެބޭފުޅުން ޚަބަރު ދެއްވިއެވެ. މީގެކުރިން ދުވަހަކުވެސް މިއީ އެއިދާރާގައި ހިންގުނު ކަމަކަށް ނުވެއެވެ. އަޅުގަނޑަށް މިކަންކަން ދަސްވެފައި ހުރީ ސަރުކާރުގައި ހޭދަކުރި ގިނަ ޚިދުމަތްތަކާއި ގިނަދުވަހުގެ ތަޖުރިބާގެ ތެރެއިންނެވެ.
އާދެ! އެމީޓިން އަށް ފަހު، “އިމިގްރޭޝަން ގާނޫނު” ހޯދައިގެން ގެނެސް ވަރަށް ރަނގަޅަށް ވިސްނަވިސްނައި ގެން ދެތިން ފަހަރު ކިޔައި މުހިންމުބައިތައް ދަސްކުރީމެވެ. އަދި މޭޒުކައިރީގައި ހުސް ވަގުތެއް ލިބޭއިރަށް އެގާނޫނު އަބަދުހެން ކިޔަމެވެ. އަބަދުވެސް ބަލަމެވެ. ދިރާސާ ކުރަމެވެ. ހަނދާނުގައި އަބަދުވެސް ބަހައްޓަމެވެ. އަދި އެގާނޫނުގައި އެއޮތްގޮތަށް އިމިގްރޭޝަނުގެ އެންމެހައި ކަންކަމާއި ހުރިހާ އިދާރީ މަސައްކަތެއް ހިންގުމުގެ ކަންތައްތައް ލަސްނުކޮށް ފަށައިގަތީއެވެ. ހުރިހާ އޮފިސަރުންގެ އެއްބާރުލުން ފުރިހަމައަށް ލިބުނެވެ.
އަދި ހުރިހާ ސެކްޝަން ތަކަކަށް ވަކިވަކިން ވިޒިޓްކޮށް ބެލުމަށްފަހު، އައިޓީ ސެކްޝަނާއި ހުޅުލޭ ބޯޑަރ ބެލެހެއްޓުމުގެ މަސައްކަތް ޖެހިޖެހިގެން ދެފަހަރަކު ހުޅުލެއަށް ގޮސްހުރެ އެތާގައި ކަންހިންގާގޮތް ބަލާލުމަށް ފަހު، ހަމަހިމޭން ކަންމަތީގައި ދެތިން ހަތަރު ދުވަހު އިނދެ ދިރާސާކޮށް ނިންމާލި އިރު، ބޭނުން ކުރަމުންދާ އިމިގްރޭޝަން ސިސްޓަމަކީ، އަދި ވިސާތައް ބަލަހައްޓާ ސިސްޓަމަކީ، އަމިއްލަ ފަރާތަކުން ބަލަހައްޓަމުން ގެންދާ ސިސްޓަމެކެވެ. އެފަރާތުން އަމިއްލަ ގޭގައި އިނދެގެން އޭނާއަށް އެ ސިސްޓަމް ތެރެއަށް ވަދެ ހާވައި ބޭނުންނަމެއް ހޯދާއި ސާޗުކޮށް އުނި އިތުރުގެނެސް، އަދި އަންނަ ފުރާ މީހުންނަށް އުނިއިތުރު ކުރެވޭކަން ދެދުވަހެއްގެ ތެރޭގައި ކުރެވުނު ދިރާސާތަކުން އަޅުގަނޑަށް ހާމަވެ، ވަރަށް ސާފުކޮށް އެނގިއްޖެ އެވެ. އަދި އެހެންމެ، އަޅުގަނޑުގެ މޭޒުމަތިން ވެސް ބޯޑަރކޮންޓްރޯލް ސިސްޓަމަށް ވަދެވޭ ކަމާއި އެ ސިސްޓަމުގައި ހުންނަ މައުލޫމާތާއި ކޯޓުއަމުރުތައް ނަގާއި އަދި ވައްދައި އުނިއިތުރު ގެނެވޭކަން ވެސް އެނގިއްޖެއެވެ. މިސިސްޓަމަކީ، ސީދާ ކޮންޓްރޯލަރ ބޭނުންވާ ޚާއްސަ ސިޔާސީ ކަންކަން ކޮށްލުމަށް އަމިއްލަ މޭޒުމަތީގައި ޚާއްސަކޮށްފައި ހުންނަ ކޮންޕިއުޓަރ ސިސްޓަމެއްކަން ފާހަގަ ކުރެވި ހުރިހާކަމެއް ތަޖުރިބާކޮށް ބަލައިފީމެވެ.
ފަހެ. މި ސިސްޓަމުގެ ހުރިހާކޮޕީ ރައިޓްސް އަކާއި ބާރުތައް އޮންނަނީ އެސޯފްޓްވެއަރ ފަރުމާކޮށް ދީފައިވާ މީހާގެ އަތުގައެވެ. މިސިސްޓަމަކީ، ލޭބަރ މިނިސްޓްރީ އިންވެސް ވޯކްޕާމިޓް ހެދުމަށް ބޭނުންކުރާ ސޯފްޓްވެއާކަން ވެސް އަޅުގަނޑަށް ސާފުވެ އެނގުނެވެ. ދެން މިސިސްޓަމަށް އެކްސަސްވެވެނީ، ވަކި ޕާސްވޯޑެއްގެ ދަށުން ހުއްދަ ދީފައިވާ އިމިގްރޭޝަން އޮފިސަރުން ނަށެވެ. އެހެނިހެން ކަންކަންއޮތީ، އައިޓީ ސެކްސަނުން ބަލަހައްޓަމުން ގެންދާގޮތަށެވެ.
އާދެ! ދެންފަހެ، އަޅުގަނޑަށް ޖެހުނީ ވަރަށް އަވަހަށް އައިޓީ ސެކްޝަން އިސްލާހުކޮށް ހަމައަކަށް އަޅުވައި އަޅުގަނޑުގެ މޭޒުމަތީގައި ހުރި ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް ވަދެވޭ ކޮމްޕިއުޓަރސެޓް އެސެކްޝަނަށް ފޮނުވާލައި ކޮންމެ ދުވަހަކު އެ ސެކްޝަނުގެ ހެޑާއެކު ވާހަކަދައްކަމުން އަމިއްލައަށް އިސްލާހީ ފިޔަވަޅުތައް އަޅުވަމުން ގެންދާށެވެ. އެގޮތުން އެތައް އިސްލާހުތަކެއް އައިޓީ ސެކްޝަނަށް ގެންނަމުން ގެންދިޔައީމެވެ. އެކަމާ އެތާގައި ދުވަސްވީ ބައެއް ބޭކަލުންގެ ނުރުހުން ކުޑަކޮށް ހުރިކަން ފާހަގަ ކުރެވިފައި ވެސް ވެއެވެ. އެހެނަސް އަޅުގަނޑު ދިޔައީ ކުރިޔަށެވެ. ގެންނަން ޖެހުނު ބަދަލެއް ޖެހިލުމެއްނެތި އޮފީސް ތެރެއަށް ގެންނަމުންނެވެ.
ފަހެ، މިކަންކަން އަޑުއިވި އެނގުމަށް ފަހު، އަޅުގަނޑުގެ އެންމެބޮޑު ކޮންސާން އަކަށް، އަދި އަބަދުގެ އިހުސާސަކަށްވީ، މިކަންކަން ސަލާމަތީ ގޮތަކަށް ހަމައަކަށް އަޅުވާނެ ގޮތެއް، އަދި އެފަދަ މަގެއް އީޖާދުކޮށް ފަހިކުރާނެ މަގެއް ހޯދުމާ މެދުގައެވެ. އިމިގްރޭޝަން ގާނޫނު ގިނަގިނައިންކީ ވަރަކަށް ކަންބޮޑުވުން ދަނީ އިތުރުވަމުން އެވެ. މިގާނޫނު ބުނާ ގޮތުން މިހުރިހާ ކަމެއްގެ ޒިންމާ ބޮލުގައި އަޅަންޖެހެނީ، އަޅުގަނޑު ކޮށްގެން ހުރި ހުވާގެ ދަށުން ސީދާ އަޅުގަނޑެވެ. ދެވަނަ ފަރާތެއް ނޫނެވެ. މިނިސްޓަރު ޒިންމާވާކަށް އަދި މިނިސްޓަރު ލައްވައި ލިޔުންތަކުގައި ސޮއި ކުރައްވާކަށް ނުޖެހެއެވެ. އޮންނަކީ ލަފާހޯދައި ލަފާއެހުމެވެ. ދެން ނިޔަތްގަތީ ވީހާ އަވަހަށް އެކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ފަށާށެވެ. ރައީސް ނަޝީދު އަރިހަށް މިވާހަކަތައް އަވަހަށް ގެންދާށެވެ. ފަހެ، މިކަންތައް ރައީސް ނަޝީދު އަރިހަށް އުފުލުމުން ވިދާޅުވީ، ތިޔަކަންކަމަށް އިސްކަމެއް ދީގެން، ގެންނަން ހުރި ބަދަލުތަކާ ދިމާއަށް އަވަހަށް އިލްޔާސް ދާށެވެ. އެ މަސައްކަތައިގެން ކުރިޔަށް ދާށެވެ.
ދެން ފަހެ، އެހިސާބުން އިމިގްރޭޝަނަށް، މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (MIBCS) މިނަމުގައި މުޅިން އާސިސްޓަމެއް އީޖާދުކޮށް ސަލާމަތީ ގޮތުން ހުރިހާ ފިޔަވަޅުތަކެއް ހިމެނޭ ގޮތަށް ހޯދައި ގައިމު ކުރުމުގެ މަސައްކަތް ރައީސް އޮފީހުގެ މަޝްވަރާގެ މަތިން އަލުންބަލުން ފަށައި ގަތީއެވެ. “އެމްއައިބީސީއެސް” އެއް މޯލްޑިވްސް އިމިގްރޭޝަނު ގައި ގައިމުކުރުމުގެ މަސައްކަތް އަޅުގަނޑު ފެށީ މިގޮތުގެ މަތީންނެވެ. މިމަތިވެރި މާތް ނިޔަތުގައެވެ.
ފަހެ، މިތައްޔާރީ ތަކަށް ޕްރޮޖެކްޓެއް ލިޔުމަށް ހެދި ގޮތަކީ، ދެހަފްތާ ވަންދެން ކޮންމެ ސެކްޝަނެއްގައި އެސެކްޝަނަކުން އެދުވަހަކު ކުރާ މަސައްކަތެއް ނޯޓުކުރަން ފޮތެއް ބޭއްވީއެވެ. އަދި ދިމާވާ މުހިންމު ކަންކަން ވެސް ދުވަހުން ދުވަހަށް ނޯޓުކުރާ ގޮތަށެވެ. ދެން އެފޮތްތައް ގެނެސް ދިރާސާކޮށްގެން މިސިސްޓަމްގައި ހުންނަންވާނެ ފީޗާސްތައް ވަކިވަކިންލިޔެ، އަލުން އިސްވެރިން ތިބެގެން ދިރާސާތަކެއް ހެދުމަށް ފަހު ފައިނަލްކުރީ އެވެ. އަދި މިކަމުގައި އެހެން އިދާރާތަކައި މިސިސްޓަމުން ގުޅިފައި ހުންނަގޮތް ހެދުމަށް، ގިނަ މަސައްކަތް ތަކެއް، އަދި މަޝްވަރާތަކެއް އެ އޮފީސްތަކާ އެކު ކުރީމެވެ. ވަކިވަކިން ޝަރުއީ ދާއިރާއާއި އައިޑީ ކާޑު ޔުނިޓައި ޑިފެންސާއި ފުލުހުންނައި ވެސް މަޝްވަރާ ކުރީމެވެ. އަދި މޯލްޑިވްސް ކަސްޓަމްސް އައި މަޝްވަރާ ކުރީމެވެ.
ފަހެ، ދެން އެއަށް ފަހު، ފައިނަލްކުރި ޕްރޮޕޯސަލް ރައީސް އޮފީހަށާއި ނެޝަނަލް ޕްލޭނިން އެޖެންސީ (NPA) އަށް ހުށަހެޅީ އެވެ. އެހިސާބުން ރަސްމީ ބައްދަލުވުންތައް ރަސްމީ ސިފައެއްގައި ރައީސް އޮފީހުގައާއި ރިޔާސީ ގަނޑުވަރުގައި ކަމާބެހޭ މިނިސްޓަރުންތައް ތިއްބަވައިގެން ރައީސް ނަޝީދުގެ ރިޔާސަތުގައި ފެށިގެން ހިނގައި ގަތީއެވެ. އަދި އެމަޝްވަރާތަކުގެ އަލީގައި ރައީސް އޮފީހަށް ރަސްމީކޮށް ލިޔުމުން ޖަވާބުގައި އެންގެވީ، އެންޕީއޭ އަށް ޕްރޮޕޯސަލެއް ފޮނުވައި ފާސްކޮށްގެން ކުރިއަށް ގެންދިއުމަށެވެ. ދެން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެންޕީއޭ އަށް ރަސްމީކޮށް ލިޔުންތައް ފުރިހަމަކޮށް ފޮނުވުމުން ރަސްމީ ޖަލްސާއެއް ބާއްވައި ރިޔާސަތުގައި ރައީސް ނަޝީދު އަމިއްލަފުޅަށް އިންނަވައިގެން ނިންމެވީ، އެމްއައިބީސީއެސް ބޫޓް (BOOT) ސިސްޓަމުގެ ދަށުން ކުރިޔަށް ގެންދާ ގޮތަށް، މިނިސްޓްރީ އޮފް ފައިނޭންސަށް ލިޔެގެން ކުރިޔަށް ގެންދިއުމަށެވެ.
އާދެ! ބޫޓް ސިސްޓަމަކީ، “build – own – operate – transfer” އެވެ. ޕަބްލިކް ސެކްޓަރ ތެރެއިން ޕްރައިވެޓް ޕާޓީއެއް ލައްވައި ކޮމިޝަން ހޯދައިގެން، ޑިޒައިން ކޮށްދީ، ކޮންސްޓްރަކްޓް ކޮށްދީ، އޮޕަރޭޓްކޮށްދީ، އަދި އެގްރީމަންޓް ކުރެވޭ މުއްދަތުގައި އެގްރީމަންޓްގައި ވާގޮތަށް ފެސިލިޓީސްތައް ގައިމުކޮށްދީ، މެއިންޓަނަސް ކޮށްދީ، ހުރިހާޚަރަދެއް ޕްރޮޖެކްޓު ތެރެއިން ކުރާގޮތަށް ގައިމުކޮށްދީ، އަދި ސިސްޓަމް ހިންގާފައި އެގްރީމަންޓު ނިމުމުން އިމިގްރޭޝަނައި ހަވާލުކުރާ ގޮތަށް ޑިޒައިން ކުރެވުނު މަޝްރޫއެކެވެ.
މިއީ އެތެރެވަރީގެ ގައުމުތަކާއި އެހެން ބައެއް ކުދިބޮޑު ގައުމުތަކުގައި އެކަމަށް ޚަރަދު ކުރާނެ ފައިސާ ބަޖެޓުގައި ނެތުމުން، ނުވަތަ ބަޖެޓުން ޚަރަދުނުކޮށް ހިންގަން ބޭނުންވާބޮޑެތި މަސައްކަތްތައް ކުރުމަށް އީޖާދުކޮށް ފައިވާ ކާމިޔާބު ނިޒާމެކެވެ. ބޫޓު ސިސްޓަމަށް މަޝްރޫއުތައް ކާމިޔާބު ކަމާއެކު ހިންގާ ގައުމު ތަކުގެ ތެރޭގައި ޕާކިސްތާނު، ތައިލޭންޑް، ޓާކީ، ޓައިވާން، ބަހްރައިން، ސައޫދީ އެރޭބިއާ، ޖަޕާން، އިންޑިއާ، އީރާން، ގުރައިޝިއާ، ޗައިނާ، ކެނެޑާ، އޮސްޓްރޭލިއާ، ނިއޫޒިލޭންޑް އަދި ޔޫއެސްއޭގެ ކެލިފޯނިޔާ، ޓެކްސަސް ފަދަ ސްޓޭޓްތައް ހިމެނެއެވެ. ޕާކިސްތާނުގެ “ނޯތްސައުތް ރޭލްވޭ” އަށް ބައްލަވާ ލައްވާށެވެ. ކާމިޔާބުވި މަޝްރޫއެކެވެ. އަދި ސައޫދީ އެރެބިއާގައި ހިންގުނު ބިޔަ ޕްރޮޖެކްޓުތައް ވަރަށްކާމިޔާބެވެ.
އާދެ! މިހުރިހާ ދިރާސާއަކަށް ފަހު، އޭރުގެ މިނިސްޓަރ އޮފް ފައިނޭންސް ސިއްކަ ޖައްސަވައި، އެމިނިސްޓްރީން ބައިނަލް އަގްވާމީ ބިޑަށް ހުޅުވާ ލެއްވީއެވެ. ބިޑަށް އިއުލާނު ކުރުމާއި ޓެންޑަރބޯޑުން ބީލަންތައް ދިރާސާ ކުރުމާއި ހުރިހާކަމެއް ހިންގެވީ، އެމިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. އަޅުގަނޑުގެ އެއްވެސް ބާރެއްނެތި އެވެ. ދައުރެއް އަދި ތަދައްޚުލު ވުމެއް ނެތިއެވެ. ދެން މިހުރިހާ ބައިތައް ފުރިހަމަ ކުރުމަށް ފަހު، އިމިގްރޭޝަނަށް ފައިނޭންސް މިނިސްޓްރީން، ލިޔުމަކުން އެންގެވީ ހޮވުނު ފަރާތް ކަމުގައިވާ ނެކްސްބިސް އާއެކު، 1 (އެއް) މަސްދުވަހުގެ ތެރޭގައި އެގްރީމަންޓު ހަދައިގެން ކުރިޔަށް ދިއުމަށެވެ. ބިޑް ކާމިޔާބުކުރި ފަރާތާއެކު އެގްރީމަންޓުގައި ކޮންޓްރޯލަރގެ ހައިސިއްޔަތުން ދިވެހި ސަރުކާރުގެ ތަމްސީލުކޮށް ސޮއިކުރީ އަޅުގަނޑެވެ.
އަޅުގަނޑު މިކަން ގެންދިޔައީ މޯލްޑިވްސް އިމިގްރޭޝަން ޒަމާނީ އަދި ބައިނަލް އަގްވާމީ ފެންވަރަށް ރިފޯމްކޮށް ބޮޑުބަދަލެއް ގެނެސް އިމިގްރޭޝަން ސިސްޓަމްގައި ރެޖިސްޓްރީ ނުވެ، އެއްވެސް ބިދޭސީއަކަށް ރާއްޖޭގައި ނޫޅެވޭނެ ފުރިހަމަ ނިޒާމެއް ގައިމު ކުރުމަށެވެ. އަދި އިމިގްރޭޝަން ތެރެއިން ފޭދިގެން ސަރުކާރަށް ނުވަދެދާ ފައިސާ ހުއްޓުވުގެ ބޭނުމުގައެވެ. އެމްއައިބީސީއެސް ގައިމު ކުރެވުނު ނަމަ، އެކަން ފުރިހަމަ ކުރެވުނީސްކަން ކަށަވަރެވެ.
މޯލްޑިވްސް އިމިގްރޭޝަނަށް ޓޯޓަލް ސޮލިއުޝަނެއް ލިބުނީހެވެ. ޖުމްލަކޮށް ހުރިހާކަމެއް އެއްފަހަރުން ފުރިހަމަ ކުރެވުނީހެވެ. އަދި ރާއްޖެއިން ވަރަށް ބޮޑު މިންވަރަކަށް ހިއުމަން ޓްރެފިކިންގ، އިންސާނީ ވަގުފާރި ހުއްޓުވުނީހެވެ. އަދި ވޯކްވިސާ ވަރަށް ހަރުދަނާ ކުރެވި އެހެން ގައުމުތަކުގައި ހަދާހެން، ބޭރުގައި ހުންނަ ދިވެހި އެންބަސީތަކުން ހުރިހާ ޑޭޓާއެއް ނަގައި އެންޓާކުރުމަށް ފަހު، ވޯކްވިސާ އިޝޫކުރާ ގޮތަށް ހަމަޖެހިގެން ދިޔައިހެވެ. އޭރުން ގޮތްނޭނގޭ މީހެއްގެ ގޮތުގައި ފިލޭނެ އެއްވެސް ޗާންސެއް އެއިން ބިދޭސީ މީހަކަށް ނޯންނާނެއެވެ. ހުރިހާ މައުލޫމާތެއް ސިސްޓަމްގައި އެއްކުރެވެމުން ދާނެއެވެ. ކޮންމެތާކު ހުއްޓަސް އިމިގްރޭޝަން އޮފިސަރަކަށް އޭނާގެ މޫނު ނުވަތަ ހަންންގަނޑު ސަލާމަތުން ހުރެ ފެނިއްޖެއްޔާ، އެމީހަކު ފެންނައިރަށް އެއީ ކާކުކަން ދަނެގަނެ ވޭނެއެވެ.
ފަހެ، އެތެރެވާ މަސައްކަތު ކޮންމެ މީހެއްގެ ބައޯމެޓްރިކްސް، އެސިސްޓަމުގައި ޖަމާކުރެވި ރައްކާކުރެވި ފޮރުވިފައި ހުންނާނެއެވެ. އިމިގްރޭޝަން އެކުގައި އަނދައިގެން ދިޔަޔަސް ބެކްއަޕެއް ރެޑީކޮށް، ވަގުތުން ބޭނުންކުރެވޭ ފެންވަރުގައި އެހެން ރައްކާތެރި ތާކު ބެހެއްޓިފައި ހުންނާނެއެވެ. އަދި އެސިސްޓަމަބޭނުން ކުރަމުންދާ ތަންތަނާއި ފަރާތްތައް ވެސް މިނިޓާއި ސިކުންތާއެކު ރީޑިން ބެލެހެއްޓިފައި ހުންނާނެވެ.
ފަހެ، މިސިސްޓަމުގެ ބައޮލޮޖިކަލް، އަދި އެހެންވެސް ޑޭޓާތައް ހުންނާނީ ތަންފީޒީ އިދާރާތަކަށް، އެމްއެންޑީއެފާއި ދިވެހިޕޮލިހަށާއި ދިވެހިކަސްޓަމަށާއި އަދި ޝަރުއީކޯޓު ތަކަށް ބޭނުންވެއްޖެ ނަމަ، ސިސްޓަމް ތެރެއިން ބޭނުންވާ މިންވަރަކަށް ބޭނުންވާ މައުލޫމާތެއް ވަގުތުން ދެވޭގޮތަށެވެ. އަދި ޝަރުއީ ކޯޓުންނެރޭ ކޯޓު އަމުރުތައް އެފަރާތްތަކުން ސީދާކޮށް އަޕްލޯޑް ކުރެވޭނެ ގޮތަށެވެ. ރާއްޖޭގެހުރިހާ ހިސާބަކަށް އެއްފަހަރައި ބެލޭ، އަދި ބޭނުންކުރެވޭ ގޮތަށެވެ. އޭރުން ކޮންޓްރޯލަރގެ މޭޒުމަތިންނާއި ބޯޑަރުގައި ތިބޭ އޮފިސަރުން ވިޔަސް ކުރާ ހުރިހާކަމެއް ހުންނާނީ ސަލާމަތް ކުރެވި އެއްތަނެއްގައި ރައްކާތެރި ކުރެވިފައެވެ. އޮޅުވައެއް ނުލެވޭނެއެވެ. ފޮހެއެއް ނުލެވޭނެއެވެ. އޮޅުވައެއް އުނިއިތުރެއް ވިޔަސް ސިސްޓަމް ތެރެއިން ކުރާހުރިހާ ކަމެއް އެނގޭން ހުންނާނެއެވެ. އަދި މިސިސްޓަމްގެ ކޮޅުތައް އެހެން ޒަރޫރީ އިދާރާތަކައި ބިދޭސީންނާ ގުޅޭ އެޖެންސީތަކަށް އަދި ބިދޭސީން ބައިތިއްބާ ގެސްޓުހައުސް ތަންތަނަށް، އަދި ފައިސާދައްކާއި ފޯމްތައްފުރައި އެހެނިހެން ކޯޓާފަދަ ކަންކަމުގެ ތަފްސީލުތައް ދަނެގަނެ، ބޭނުންވާ ހުރިހާ ޚިދުމަތަށް ވަދެވި ބޭނުންކުރެވޭ ގޮތަށެވެ.
ފަހެ، މިޕްރޮޖެކްޓު ފަރުމާކުރެވިފައި ވަނީ، އެގްރީމަންޓުގެ މުއްދަތުގައި އެއްވެސް އިތުރު ޗާޖަކާއި ފީއެއް އެއްޗެއް ނުނަގައި ސޯފްޓްވެއާއަށް ގެންނަން އިމްގްރޭޝަނަށް ބޭނުންވާ ހުރިހާ އިދާރީ ބަދަލުތަކެއް ދުވަހުން ދުވަހަށް އަބަދުވެސް ދުނިޔޭގެ އެންމެ ފަހުގެ އީޖާދީ ފެންވަރަށް ފަސޭހައިން ގެނެވޭ ގޮތަށެވެ. އަދި ކޮންމެ ތިންއަހަރަކުން ބޭނުންކުރާ ހުރިހާ ކޮންޕިޓަރުތަކާއި ޕްރިންޓަރު ފަދަ، ހުރިހާ އެކިއުޕްމަންޓްތައް ވެސް ފަހުގެ ފެންވަރަށް އާކުރާގޮތަށެވެ. އަދި އެގްރީމަންޓުގެ މުއްދަތު ހަމަވެގެން މޯލްޑިވްސް އިމިގްރޭޝަނަށް އޯނަރޝިޕް ޓްރާންސްފަރ ކުރާއިރު ހުރިހާއެއްޗެއް ފުރަތަމަ ދުވަހެކޭ އެއްގޮތަށް، އަދި އިމިގްރޭޝަނުން ބުނާ ކޮލިޓީ ފެންވަރަކަށް އާކޮށްދޭން ޖެހޭނެއެވެ. ދިވެހިންގެ ހުރިހާ އައިޑީކާޑު ތަކާއި ވިހާމަރުވާ ދަފްތަރާއި އުފަންދުވަހުގެ ސެޓިފިކެޓްތައް ވެސް ބޭނުންވެއްޖެ ހިންދެއްގައި އެސިސްޓަމުން އިޝޫކުރެވޭ ގޮތަށެވެ. އަދި ދިވެހިޕާސްޕޯޓު ވެސް ސަރުކާރުން ބޭނުންވެއްޖެ ނަމަ، ހުރިހާ ސަރަހައްދީ ހިސާބަކުން މިހާރަށްވުރެ ކޮލިޓީގައި މިހާރަށް ވުރެ މާއަގުހިޔޮކޮށް އިޝޫ ކޮށްދެވޭ ގޮތަށެވެ.
އަދި، އިމިގްރޭޝަން އޮފިސަރުންގެ މޯބައިލް ފޯނުންނާއި ލެޕްޓޮޕްތަކަށް އަޅައިދެވޭ ސޯޕްޓްވެއާ އަކުން މަގުމަތީގައި އުޅޭ ބިދޭސީންނައި ދިމާވުމުންނާއި އެމީހުންގެ ލިޔެކިޔުންތަކުން އެއީ ކާކުކަން ވަގުތުން ދަނެގަނެވޭނެ ގޮތަށެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އޭނާރާއްޖެ އެތެރެވި އުޅަދާއި ޕޯޓާއި ދުވަހާއި ގަޑިއާއި އޭނާހުރި ހާލަތެއް ސާފުކޮށް އެނގޭނެއެވެ. ވިސާގެ ކޮންޑިޝަންތައް ދަނެގަނެ ވޭނެއެވެ.
އާދެ! މިސިސްޓަމް ގައިމު ކުރުމުގެ ކުރިން ރާއްޖެ އެތެރެވެފައިވާ މީހުން ވެސް ވަގުތުން ދަނެގަނެ ފާހަގަވާނެއެވެ. އެފަދަ މީހަކު ދިމާވެއްޖެ ނަމަ، އެހިނދު އޭނާގެ ވަނަވަރު ނެގޭނެ ގާބިލްކަން ސިސްޓަމުގައި ހުންނާނެއެވެ. ނޫނީ އޭނާހިފާއްޓަން ޖެހޭ މީހެއްކަން ދަނެގަނެވޭނެ އެވެ.
އަޅުގަނޑު ނިންމާފައި އޮތީ މިގޮތަށް ރާއްޖޭގައި ފިލައިގެން އުޅޭ އެންމެންގެ މައުލޫމާތު ރާއްޖޭގެ ހުރިހާ ހިސާބަކުން އެއްކޮށް ހޯދައި އެއްއަހަރު ދުވަހުގެ ތެރޭގައި އެސިސްޓަމަށް އެންޓަކޮށް ނިންމާލާ ގޮތަށެވެ. އޭރުން ބިދޭސީންގެ ހިސާބުތައް އެންމެ ފުރިހަމަ އަށް ސަރުކާރުން ބަލަހައްޓާއި ކޮންޓުރޯލު ކުރުމުގެ މަގު ހުޅުވި އެގާބިލުކަން ލިބިގެން ދާނެއެވެ.
އެހެނަސް ހިތާމައަކީ، މިކަންކަމަށް ނަޒަރުކުރި އިސްފަރާތެއް ސަރުކާރުގެ ބޮޑުންގެ ތެރޭގައި ނެތުމެވެ. އިންސާނުން ގަނެވިއްކުމުގެ ވިޔަފާރި ކުރިޔަށް ގެންދަން ބޭނުންވި ސިޔާސީ ބޮޑުން ބައިވަރު ތިއްބެވެ. އަދި ސިޔާސީ ނުފޫޒު ހުރި ބައެއް ފަރާތްތަކުން ބޭނުންވީ، މި ޕްރޮޖެކްޓުން ނާޖާއިޒު ފައިދާތައް ބޮޑުކޮށް ލިބޭނެ ކަމަށް ލަފާކޮށް އެ މަޝްރޫއުގެ ތެރެއަށް ވަންނާށެވެ. ވީހިނދު އަޅުގަނޑަކީ މިޒާތުގެ ބޮޑުންގެ ބާރުތަކާ ގުޅުންބާއްވައި ސައްލާކޮށް ޑީލްތައް ހެދުމަށް ވަރަށް ނުރުހޭ، އަދި އެހާމެ ނަފުރަތުކުރާ މީހަކަށް ވާތީ، މިފަދަ ބޮޑުންގެ ބާރުތަކުން ނިންމީ އަޅުގަނޑުގެ ދުވަސް ދުއްވާލާށެވެ. ސިޔާސީގޮތުން ކަތިލާށެވެ!
އަޅުގަނޑަށް މި މަސައްކަތް ކުރެވިދާނެކަން ޔަގީންވި ހިސާބުން، އިސާހަތަކު ސިޔާސީ ޕްރޮޕެގެންޑާ އެއްގެ އޮއިވަރުގައި ސަރުކާރުގެ އިސްފަރާތްތައް ރަނގަޅަށް ޖެހި، މިސިސްޓަމާއި އަޅުގަނޑު، އިމިގްރޭޝަނުން ނެރެ ބޭރުކޮށްލީ އިންތިހާއަށް ހުތުރުކޮށް އެއްވެސް އިންސާފެއް ނެތިއެވެ. ބޮޑު ސިޔާސީ ކުޅިގަނޑެއް ގޮތުގައެވެ. މަގުމަތީ ގްރޫޕްތައް ލައްވައި ޕެޓިޝަންތައް ވެސް ރައީސް އޮފީހަށް ގެނުވާ ހެދީއެވެ. އަޅުގަނޑު ފެންނަތާކުން މަގުމަތިން ހަޅޭލަވާ އޭތިމީތި ހެދީއެވެ. އިމިގްރޭޝަން ކުރިމަތީގައި އަޅުގަނޑު ނުކުންނަ އިރު ތިބެ މުޒާހަރާ ކުރުވީއެވެ. މިކަންފެށުވީ ވަގުފާރީގައި ބިއްބެވި ސަރުކާރުގެ ބޮޑުން އަޑީގައި ތިބެގެންނެވެ.
އެހެނަސް، ބޭރުފުށުގެ ހަގީގަތަކީ ރައީސް ނަޝީދު އައި ހަމައިން މިޕްރޮޖެކްޓު ދިފާއުކޮށް ދެއްވިކަމެވެ. އަދި ކެބިނެޓުން ދެފަހަރެއްގެ މަތީން މިކަންކުރިޔަށް ގެންދިއުމަށް ފާސްކުރައްވައި ނިންމެވިއެވެ. އެއީ އޭނާ ގެންގުޅުއްވި ފާޑެއްގެ އޮޅުންބޮޅުން ސިޔާސަތަކަށް ވެސް ވެދާނެއެވެ. ނޫނީ ހަގީގަތުގައި އަޅުގަނޑު ރަނަގަޅަށް ދަންނާތީ، އަދި އޭނާ ފެއްޓެވި ކަމަކަށްވާތީ، ހެޔޮނިޔަތުގައި ކަމަށް ވެސް ވެދާނެއެވެ. އެހެނަސް އަރިހުގައި ތިބިބަޔަކާއި އިދިކޮޅު މީހުން، ޚާއްސަކޮށް ރައީސް ޔާމީނު މި ޕްރޮޖެކްޓައި ޖީއެމްއާރުގެ ކަންތައް ނެންގެވީ، ވެރިކަމަށް އެރުމަށް ދުރާލާ ފަރުމާކުރި ރޭވުންތައް ކާމިޔާބު ކުރުމަށް ގެންގުޅުއްވި އެންމެ ވަރުގަދަ ހަތިޔާރުގެ ގޮތުގަ އެވެ. އޭނާ އަރިހުގައި ތިއްބެވި އޭނާގެ ފިކުރާއެއްގޮޔް ޚިލާލު އެމްޕީން ލައްވައި، ރައްޔިތުންނަށް ވަރަށް އޮޅުވާ ލެއްވިއެވެ. އެމްޕީ (ޖަނގިޔާ) ނާޒިމްލައްވާ މިކަންތައް މަޖިލީހުގެ ތަޅުމަށް ވައްދައިގެން ވޯޓެއް ވެސް ނެގުވިއެވެ. އަދި ރައީސް ނަޝީދަށް ރައީސް ވަހީދަކީ ބިރެއްގެ ގޮތުގައި ސިފަކޮށް ދައްކަވައިގެން ކުރިއެރުމާއި ނޭނގޭ ގުޅުންތައް އަޑިއަޑިން ހިންގަވަމުން ގެންދިޔަކަން މިއަދު ސާފުވެއެވެ.
ފަހެ، އާޚިރުގައި މިޕްރޮޖެކްޓަށް ވީ ގޮތަކީ، ޝަރުއީ ކޯޓުތަކަށް ނިންމަން ޖެހުނީ، އޭސީސީން ގެންދިޔަ ހުރިހާ ތަކެއްޗެއް އަނބުރާ ނެކްސްބިސަށް، 7 ދުވަހު ތެރޭގައި ރުޖޫއަކުރުމަށް ހުކުމްތައް ނެރޭށެވެ. އަދި އަޅުގަނޑު ކުރިޔަށް ގެންދިޔަ އެއްބަސްވުމުގެ ސޮޔަކީ ސައްހަ ސޮއެއް ކަމުގައި ނިންމާށެވެ. އަދި ޖީއެމްއާރާއި ނެކްބިސް ކުންފުނިން ބައިނަލް އަގްވާމީ އާބިޓްރޭޝަނަށް މައްސަލަ ހިފައިގެން ބަދަލުހޯދުމަށް ދިއުމެވެ. މިހާރު ޖީއެމްއާރު ޝަރީއަތް ވަނީ ނިމިފައެވެ. ނެކްބިސް ކޭސް އަދި ނުނިމި ސިންގަޕޫރުގައި ކުރިޔަށް ދަނީއެވެ. ޖީއެމްއާރު ގަޒިއްޔާގެ ނަތީޖާއަށް ބަލާފައި އަޅުގަނޑަށް ހީވަނީ، ނެކްސްބިސް ކުންފުނިން ކުރި މަސައްކަތާއި ގަތް ސާމާނުތަކާ އެކު، 50 މިލިޔަން ޑޮލަރުވަރު ބަދަލަކަށް ނަގައިދޭނެ ހެންނެވެ. ވަރަށް އަވަހަށް އެނިޔާ އަންނާނެއެވެ. ސަރުކާރުން އެބަދަލުދިނުމަށް ހުކުމްކުރާނެއެވެ. ހިތާމަހުރި ދެރަކަމެކެވެ.
އާދެ! އެމްއައިބީސީއެސް އަށް އެގްރީމަންޓުގެ މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެންމެ ފައިސާފޮއްޗެއް ވެސް ޚަރަދުކުރާކަށް ނުޖެހޭނެއެވެ. ނޫސްވެރިން އެވާހަކަތައް ގެނެސްދިނީ ބަލަންވާވަރަށް ނުބަލައި އިދިކޮޅު މީހުން ދެއްކި ވާހަކަތައް ގޮތްގޮތަށް އަނބުރައި ގެންނެވެ. އަދި އޭގެ އިތުރުން ކޮންމެ އަހަރަކު އެމީހުންނަށް ދައުލަތުން ދޭނީ، އަންނަ ކޮންމެ މީހަކާއި ފުރާކޮންމެ މީހެއްގެ އަތުންނަގާ، 2 ޑޮލަރާއި ތައްޔާރުކުރާ ވޯކްވިސާކާޑުން ނަގާ، 15 ޑޮލަރެވެ. މިއިން ކާޑެއްގެ މުއްދަކީ، އިމިގްރޭޝަނަށް ބޭނުންވަރެއް ހަމަޖެއްސޭނެ ކަމެކެވެ. މިހާރު މިހަދައި ދެނީ، 5 އަހަރެވެ. މުއްދަތު ހަމަވުމުން އަދި ގެއްލިގެން އަލުން ހަދައިދެވޭނީ ޖޫރިމަނާއަކާ އެކުއެވެ. ޖޫރިމަނާ ފައިސާ ލިބޭނީ އަބަދުވެސް ދައުލަތަށެވެ. އަދި، އެކުންފުންޏަށް ދައުލަތުންދެވޭ ފައިސާއިން، 05% ގެ ރޮޔަލްޓީއެއް ނެކްސްބިސް އިން ދައުލަތަށް ދައްކަން ޖެހޭނެއެވެ.
ފަހެ، މިފައިސާ ހޯދާނީ ރާއްޖެ އަންނަ އަދި ފުރާ ބިދޭސީންގެ އަތުން މިހާރު ޗާޖުކުރާ މިންވަރަށް ކުޑައެއްޗެއް އިތުރުކޮށް ލައިގެންނެވެ. އޭރުއޮތް ހަޑޮލަރު، ބާރަ ޑޮލަރަށް ހެދީވެސް ރާއްޖޭގެ ބޯޑަރ ބެލެހެއްޓުމުގެ މާތް މަގްސަދުގައި އެބަހަނާ ދައްކާފައެވެ. އަދި އަމުދުން މިއަދު އަޑުއިވިގެން މިދިޔައީ، މިއިން މީހެއްގެ އަތުން، ދިވެހީންނާ އެކު، ފަންސަވީސް ޑޮލަރު ނަގާނެ ވާހަކައެވެ.
ފަހެ، ފަންސަވީސް ޑިލަރަށް މަތިކޮށް މިކަން މިކުރެއްވި މީހަކީ، އޭރު އެންމެބޮޑަށް މިޕްރޮޖެކްޓު މިގޮތަށް ނަގާ ކޮމިޝަނުން ހިންގަން އެންމެ ހުރަސްއެޅުއްވި މީހާ، ރައީސް ޔާމީނުގެ ޒައާމަތުގައި އޭނާގެ އޯޑަރަށެވެ. މިބިލް ފާސްކޮށްދިނީ، މަޖިލީހުގައި ތިއްބަވާ ރައީސް ޔާމީނުގެ ސިޔާސީ އެޖެންޓުން ފަދަ އެމްޕީންނެވެ. މިހާރު، 25 ޑޮލަރު ނެގުން މުޅިން ބަރާބަރުވީއެވެ. ބާރައިން ފަންސަވީހަށް ބަދަލުކުރީއެވެ. ވެރިކަމުގެ ލައްޒަތު ފެނުނީމާ މުޅިން ބަރާބަރުވީއެވެ.
ފަހެ، މިދެންނެވި ކޮމިޝަން ފައިސާއިން ފިޔަވައި އެނޫން ފައިސާއެއް އެކުންފުންޏަށް ދިވެހި ދައުލަތުން އެގްރީމަންޓުގެ މުއްދަތު ކަމުގައިވާ، 20 އަހަރު ދުވަހަށް ދޭކަށް ނުޖެހޭނެއެވެ. ބޫޓު ސިސްޓަމުން ބޮޑެތި ބިޔަ މަޝްރޫއުތައް ފަރުމާކޮށް ހިންގުމުގެ ހަގީގީ ބޭނުމަކީ މިއީއެވެ.
އަދި އިމިގްރޭޝަނަށް އެކިގޮތްގޮތުން ވަންނަ ހުރިހާ ފައިސާއަކީ ކުރިއެކޭއެއް ގޮތަށް ދައުލަތުގެ އާމްދަނީއަށް ވައްދަމުން ގެންދާނެ ފައިސާއެވެ. ޕާސްޕޯޓު ޖޫރިމަނާ އާއި އެހެނިހެން ވިސާތަކުގެ ހުރިހާ ޖޫރިމަނާ އަކީ ވެސް ދައުލަތުގެ އާންމުދަނީއަށް އިހުނެކޭ އެއްގޮތަށް ވަންނަމުން ދާނެ ދައުލަތުގެ އާމްދަނީ އެކެވެ. އަދި ވާހަކަ ދެކެވި ހަމަޖެހިފައި އޮތީ، ހުރިހާ ދިވެހީންނަށް ފުރަތަމަ ފަހަރު އެއްބަސް ވެވޭ ފެންވަރެއްގެ ސެކިއުރިޓީ ކަންކަން އެކުލެވޭ އައިޑީކާޑެއް އިލެކްޓްރޯނިކް ކާޑަކަށް ވިޔަސް ހިލޭ ދައުލަތުން އެދޭ ފެންވަރެއްގައި ހަދައިދޭ ގޮތަށެވެ. ވަކިބައެއް ވަގުފާރީ ނާޖާއިޒު ފައިދާ ނަގަމުން ދިއުމަށް އެމަގު ހުޅުވާފައި ބޭއްވުމަށްޓަކައި، މިފަދަ މާތް މަގުސަދެއްގައި އެކުލަވާލެވުނު ޕްރޮޖެކުޓު ފެއިލްކޮށް އަހަރެން ސިޔާސީ ގޮތުން ކަތިލައިލީއެވެ. ދެރައީ މިގައުމަށެވެ. އަދި ވެސް އަހުރެން، ﷲގެ ރަހުމަތުން މިހުރީ ސަލާމަތުންނެވެ!
އާދެ! އެއަށް ފަހު، ދެން ދައުލަތުން އެދިގެން އިތުރަށް ހަދައިދޭން ފަށާ އާ އައިޑީކާޑުތަކަށް އެގްރީމަންޓުގެ ދަށުން އެކުލަވާލާފައިވާ، ދެފަރާތުގެ (އިމިގްރޭޝަން އަދި ނެކްބިސް) މައްޗަށް އެކުލެވޭ ސްޓިއަރިން ކޮމެޓީން އެއްބަސްވާ އަގެއް ދައުލަތުން އެގޮތަށް އެމަސައްކަތް ކުރިޔަށް ގެންދަން ބޭނުން ވެއްޖެނަމަ، ފަހެ، އެހިނދެއްގައި ހަމަޖައްސައި ދެވޭ ގޮތަށެވެ. އަދި އިމިގްރޭޝަނުގެ، 200 (ދުއިސައްތަ) އޮފިސަރުންނަށް ސްޓިއަރިން ކޮމެޓީން މަޝްވަރާކޮށް ނިންމާ ގޮތުގެ މަތީން އެކިއެކި ފެންވަރުތަކުގެ ކޯސްތައް ޑިގްރީ ފެންވަރު އެކުލެވޭ ގޮތަށް ހިލޭ ހޯދައިދޭ ގޮތަށެވެ.
ހިތާމަކީ މިއިންކަމަކަށް ނަޒަރު ކޮށްލުމެއް ނެތި، އަޅުގަނޑާއި އިމިގްރޭޝަން ފަރާތުން ޖަވާބުދާރީ ކުރުވުމެއް އޭސީސީންނާއި ރައްޔިތުންގެ މަޖްލިސް ކޮމެޓީން، އެއްވެސް މަރްހަލާއެއްގައި ނުގެންގުޅެ، އަދި އެފަދަ ފުރުސަތެއް ނުދީ، އަދި އަޅުގަނޑަށް މީޑިއާ ބްލޮކްކޮށް ހުރިހާ ކަމެއްކޮށް ނިންމާލުމެވެ. އުއްޗުއެއް ކިޔާމީހަކު ދިޓީވީ ސްޓާފުން ލައްވާ މިކަންތައް ސިޔާސީކުރީ، މިއިންކަމަކަށް އެއްވެސް ނަޒަރެއް ކޮށްލުމެއް ނެތިއެވެ. އޮޅުން ފިލުވާލުމެއް ނެތި، އޭނާގެ ސިޔާސީ ފައިދާއަށެވެ. ފަހެ، އޭނާގެ ރިޒޯޓުތަކާ އަޅާބަލާއިރު މިޕްރޮޖެކްޓުން ދައުލަތަށް މާބޮޑަށް ފައިދާ ވާނެއެވެ.
ފަހެ، ދަންނާށެވެ! ދައުލަތަށް ގެއްލިގެން މިދިޔައީ ސަލާމަތީގޮތުން ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބިނާކުރެވުނު ހަކަތައިގެ ވަރުގަދަ ފާރެކެވެ. ވަރަށް ވަރުގަދަ އަށް ހަރުދަނާ ޒިންމާދާރު ކޮށް، ތާއަބަދަށް އެމަޝްރޫއެއްގެ ކާމިޔާބީތައް ހަނދާނުން ފޮހެ ނުލެވޭނެ ފަދަ ދިވެހި ރާއްޖެއަށް އަނބުރާ ނުހޯދޭނެ ވަރުގެ ބޮޑު ފުރުސަތެކެވެ. އަދި ވެގެންދިޔަ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކޭ ވެސް ދެންނެވި ދާނެއެވެ. އަދި ބައިނަލް އަގުވާމީ އާބިޓްރޭޝަނުން ނެކްސްބިސް އަށް ބަދަލު ދޭންޖެހިއްޖެ ނަމަ ވާގެއްލުން އިތުރަށް ބޮޑުވެގެން ދާނެއެވެ. އެދުވަހަކުން މިޕްރޮޖެކްޓުގު އަގު ވަޒަންކުރަން މާބޮޑަށް ފަސޭހަ ވާނެއެވެ.
އާދެ! މި ޕްރޮޖެކްޓުގެ ފަހަތުގައި ފޮރުވިފައި އޮތީ، މަދުބައެއްގެ އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލް ކުރުމެވެ. ވެރިކަމަށް އަރައި އަލުން މިޕްރޮޖެކްޓު ތަކުން ބޮޑު ފައިސާގަނޑެއް ނެގުމުގެ ވިހަގަދަ އުންމީދެވެ. އަޅުގަނޑު ދަންނަވާނީ ހަމަ ފައިސާއަށް ދަހިވެތިކަން ބޮޑީ ކަމުގައެވެ. ގައުމީ ވިސްނުމަށް ވުރެ އަމިއްލަ އެދުން އިސްކުރެވެނީ ކަމަށެވެ. ފަހެ، މިއީ މި ސިސްޓަމާބެހޭ ކުރުޚުލާސާ އެކެވެ. އަޅުގަނޑުގެ ދުލުން މިހާ ތަފްސީލު ކުރާ މިއީ ފުރަތަމަ ފަހަރެވެ.
ފަހެ، މިކަމާގުޅޭ ގޮތުން މާލޭގައި ހިންގުނު ހުރިހާ ޝަރީއަތެއްހެން ވަނީ ނެކްސްބިސް ކޮޅަށް މިހާރު ނިމި އެކުންފުންޏަށް އިންސާފު ލިބިފައެވެ. ނުނިމި އޮތީ ޖިނާއީ ކޯޓުގައި އަދި ވެސް ކުރިޔަށް ހިންގަމުންދާ ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުލާފައިވާ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ނަގައިދޭން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި އުފުލި ފަސާދައާއި ކޮރަޕްޝަނުގެ ނާޖާއިޒު ދައުވާއެވެ. ފަހެ އެދައުވާ ޕީޖީން އަނބުރާ ގެންދިއުމަކީ އެންމެ އެކަށިގެންވާ ގޮތެވެ. 2011 އިން ފެށިގެން އަދިވެސް އޮތީކުރިއަށް ހިނގަހިނގަ އެވެ. ނިމޭނެ ދުވަހެއް ނޭނގެއެވެ. ދިވެހި ތިންފަރާތަކަށް މިދައުވާ އުފުލިއެވެ. އޭގެތެރެއިން އެކަކަށް ވަނީ، ސާބިތު ނޫންދައުވާ އެއްގެ ގޮތުގައި ކޯޓުން ނިންމާފައެވެ.
އާދެ! ގާޒީ ބަދަލުވެގެން ފަހުން ފެށި ޝަރީއަތުގެ މަޖްލިސް ތެރެއިން އަޅުގަނޑަށް ސާފުވި ގޮތުގައި އަޅުގަނޑުގެ ކޮރަޕްޝަނަކީ، ދުއިސައްތަ ސްކޯލަރޝިޕާއި ތިންލައްކަ ކޮންމެވެސް ވަރެއް (އޭރުގެ ރާއްޖޭގެ އާބާދީއަށް) އައިޑީކާޑު ހިލޭ ހަދައިދޭން އެއްބަސް ވެވިފައި ވާއިރު އެކަމުގެ ވާހަކަ އެގްރީމްންޓުގައި ނުހިމަނާއޮތް އޮތުމަކީ، ވަކިބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުން ކަމަށް ބެލެވޭތީއެވެ. އެހެނަސް މިވާހަކަ އަކީ ބިޑަށް ޕްރޮޕޯސަލް ހުޅުވާލިއިރު މިނިސްޓްރީ އޮފް ފައިނޭންސުން ލިޔެފައި އޮތް ވާހަކައެއް ނޫނެވެ. އެހެންވެ ބިޑްހުށަހެޅި އެހެން އެއްވެސް ބަޔަކަށް މިވާހަކައެއް ނޭނގެއެވެ. އެއިން ފަރާތަކުން ހިލޭކޮށްދޭނެ މިކަހަލަ އެއްވެސް ކަމެއްގެ ވާހަކައެއް އެމީހުން ހުށަހެޅި ޕްރޮޕޯސަލް ތަކުގައި ވެސް އަދި އަނގަބަހުން ދައްކާފައެއް ވެސް ނެތެވެ. އެހެންވެ އެވާހަކަ އަކީ، މިނިސްޓްރީ އޮފް ފައިނޭންސުގެ ޕްރޮޕޯސަލްގައި ނެތް ވާހަކައަކަށް ވާތީ، ރަސްމީ އެގްރީމަންޓު ގައި ވެސް އެއީ ގެނެވުނު ވާހަކައެއް ނޫނެވެ. އަދި އެއީ ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ލިބިގަތުމާއި ލިބި ނުގަތުން ސަރުކާރަށް ދޫވެފައި އޮތްކަމެކެވެ.
ފަހެ، އެއީ ނެކްސްބިސް އަށް މި ޕްރޮޖެކްޓު ލިބިއްޖެ ނަމަ، އަދި ސްޓިއަރިން ކޮމެޓީން އޮފިސަރުން ފޮނުވާނެ ކޯސްތައް ނިންމައި ފޮނުވަން ހަމަޖައްސަން ދެން، އެއީ މުޅިން މަޖްހޫލުކޮށް އެކަކަށް ވެސް ނޭނގޭ ހާލަތުގައި އޮތްކަމެކެވެ. ވީމާ ބިޑްކުރި އެހެން ފަރާތްތަކަށް މިއީ ފެނުނު އަދި ދެކެވުނު ވާހަކައެއް ވެސް ނޫނެވެ. ބިޑްކުރުމަށް ސަރުކާރުން ހުށަހެޅުނު ނުކުތާއެއް ނޫނެވެ. އަދި ބިޑު ދިރާސާ ކޮމެޓީން އަޅާލިކަމެއް ވެސް ނޫނެވެ. އެންމެ ކުޑަމިނުން ފާހަގަ ކުރެވި އެއްވެސް ކަހަލަ އިސްކަމެއް ދެވުނު ކަމެއް ވެސް ނޫނެވެ.
އޭސީސީން މިކަން ނަގައިގެން މިއުޅެނީ، ނެކްސްބިސް އާއި އިމިގްރޭޝަނައި ދޭތެރޭދެކެވުނު ވާހަކަ ތަކުންނާއި އެކުންފުނިން ފައިނޭންސް މިނިސްޓްރީއަށް ބިޑްހުށައެޅި އިރު ހިލޭކޮށްދޭނެ ބައެއް ކަންތަކުގެ ވާހަކަ ލިޔެ މެންޝަން ކޮށްފައި އޮތީމައެވެ. އަދި މިއީ ހުޅުވާލި ބިޑުޕްރޮޕޯސަލް ގައިއޮތް ކަމަކަށް ނުވާތީ، މިކަމަށް އެއްވެސް ޕޮއިމްޓެއް އަދި މާކްސްއެއް ހުށަހެޅި އެއްވެސް ބިޑަކަށް ނުދެއެވެ. މާކްސްދޭގޮތަށް ހަމަޖެހިފައި ވެސް ނެތްކަމެކެވެ. އަދި މިވާހަކަ ނެކްސްބިސް ބިޑްގައި އެކުންފުނިން މެންޝަންކޮށްފައި އޮތަސް އެއްވެސް ކަހަލަ އިސްކަމެއް ޓެންޑަރބޯޑުން މާކްސްދިނުމުގައި ދީފައިވާކަމެއް، އަދި ގެންގުޅެފައިވެސް ނުވާ ކަމެކެވެ. އެމަރުހަލާގައި އެއްވެސް މިންވަރަކަށް ވާހަކަދެކެވި އަދި ފާހަގަކުރެވުނު ނުކުތާއެއް ނޫނެވެ.
މިއީ އޭސީސީން ވަކިބައެއްގެ ސިޔާސީ ނުފޫޒުން އުފައްދާއި ހިލުވާލައިގެން އަޅުގަނޑު ސިޔާސީ ގޮތުން ކަތިލައި ލުމަށް އެކޮމިޝަނުގައި ތިއްބެވި ދެމީހަކު ރޭވި ސިޔާސީ އަމިއްލަ ފައިދާގެ މަދްސަދެއް އޮވެގެންހިންގި ރޭވުމެކެވެ. ހިމޭން ހަނގުރާމައިގެ ބައެކެވެ. އެހެންވީމާ ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ނަގައިދޭން އަޅުގަނޑު ކުރިކަމެއްކަން، އަދި އެފަދަ ނިޔަތެއްގައި ކުރިކަމެއް ކަމުގައި ބަލާނެ އެއްވެސް ޖާގައެއް ފެންނާކަށް ނެތެވެ. ހަގީގަތުގައި ފަސާދަ އަކީ، ފަސާދައެއްކަން ދެނެހުރެ އެނިޔަތް ހިތުގައި އޮތުމާ އެކު މީހެއްގެ އަމަލުން ހިންގާ ކަމަކަށް ނޫނީ، ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ފަނޑިޔާރަކަށް ހުކުމެއް އިއްވާނެ ހަމައެއް، އުސޫލެއް، ގާއިދާއެއް، އަދި ބުރަދަނެއް އޮންނަހަމައެއް ނޫނެވެ. އެއްވެސް ގޮތަކުން ފިގްހީ އުސޫލެއް ނެތްކަމެކެވެ. މިއިން ހަމައަކަށް ނުފެތިކުރާ ހުކުމަށް އިސްތިލާހީ ގޮތުން ބުނެވޭނީ، ސިޔާސީ ހުކުމެކެވެ.
ފަހެ، އެއީ ގާނޫނީ ގޮތުން މަނާކަމެކެވެ. ދީނީ ގޮތުން ހަރާމް ކަމެކެވެ. އަޅުގަނޑަށް އަދިވެސް ވިސްނާ ވިސްނާ ވެސް އަޅުގަނޑު ކުރިކަމެއް، ހިންގި ފަސާދައެއް މިއުޅެނީ ސާފު ނުވެގެންނެވެ! ދައުލަތުގެ ބަންޑާރަ ނައިބު ފޮނުއްވި ވަކީލު އައި ގަޒީ މިސުވާލު ކުރެއްވުމުން ޝަރީއަތުގެ މަޖްލިސްގައި އޭނާ ދަންނަވާފައި ވަނީ، އިލްޔާސްގެ ނިޔަތެއް ސާފުކޮށް ނޭގޭކަމަށެވެ. ވަހުމުގައި އޮތް ކަމެއް ކަމަށެވެ. އޭސީސީގެ ވަކީލު ދަންނަވާފައި ވަނީ އިލްޔާސް ގަސްދުގައި ކުރިކަމެއްކަން އޭނގޭ ކަމުގައެވެ.
އާދެ! ފަހުން ހަވާލުވި ގާޒީ ވަނީ، ޝަރީއަތުގެ މަޖްލީހުގައި ވަރަށް ތިލަކޮށް މިފަދަ ހުރިހާ ނުކުތާތަކެއްގެ އެމްމެ އަޑިއަށް ފީނާ ވަޑައިގެން އަލިއަޅުވާލަ ދެއްވާއި ހުރިހާނުކުތާ ތަކެއް ވަރަށް ސާފުވާވަރަށް އަޅުގަނޑާ އެކު ތިންފަރާތާ ސުވާލުކޮށް ވާހަކަތައް ނިންމަވާލައްވާ ފައެވެ. އަދި އެންމެ ފަހުގެ ބަޔާން ތަކުގައި ހުރިހާ ފަރާތަކުން ސޮއި ކުރުވާއި އިގިލީގެ ނިޝާން ޖަހުވައި ނިންމަވާފައެވެ. ހުކުމް އިއްވަން ވެފައެވެ. މިގާޒީ “ބާރީ” އަށް އަޅުގަނޑުގެ ހިތުގެ އަޑިން ވަރަށް ބޮޑަށް ޝުކުރުވެރިވާން ޖެހެއެވެ. އެއީ އެހާތިލަކޮށް މިކަން ހިނގާފާ އޮތްގޮތް އޮޅުންފުލުވާއި ސާފުކޮށް ދެއްވީތީއެވެ. އަލުގަނޑަށް މިހާސާފުކޮށް އޮޅުންފިލީ އެހެންވެއެވެ. އޭގެ ފަހުން ކޯޓަށް ނުކިޔާތާ އަށާރަ ވަރަކަށް މަހަށް ވުރެ ގިނަ ވެގެން ދިޔައީއެވެ. އަޅުގަނޑު ބުނާނީ، މިއީ އޭސީސީން އަމިއްލައަށް އީޖާދުކޮށް ސިޔާސީ ގޮތުން ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައި ދިނުމަށް އެކޮމިޝަން ތެރެއިން ޖެނެރޭޓް ކުރި އިދާރީ މުބުހަމް ނުކުތާއެއް ކަމަށެއެވެ. ގާނޫނީ އިމާރާތެއް އަދި ބިނާއެއް ނެތް ކަމެކެވެ. އަސާސެއްނެތް ކަމެކެވެ. ހުސްކަމެކެވެ.
ފަހެ، މިއީ ނުފޫޒުގަދަ ސިޔާސީ ބައެއްގެ ނުފޫޒުތަކަށް އިޖާބަދިނުމުގެ ގޮތުން، އޭސީސީން ދައުވާއެއް އަޅުގަނޑުގެ މައްޗަށް އުފުލުމުގެ ބޭނުމުގައި ގާނޫނު ބޭނުން ކޮށްގެން އުފެއްދި ގާނޫނީ ހީލަތެކެވެ. އަޅުގަނޑަށް މިކަމުގައި ހުކުމެއް އަންނަން ޖެހޭނަމަ، މިކަން ނިންމި ޓެންޑަރބޯޑާއި އެގްރީމަންޓް ބަލާއި ދިރާސާކޮށް އެކުލަވާލައި ފައިނަލްކޮށް ފާސްކޮށް ނިންމި، ހުރިހާ މުއައްސަސާތަކުގެ މަންދޫބުންގެ މައްޗަށްވެސް އެއަންނަ ހުކުމެއްވިއްޔާ އަންނަން ވާނެއެވެ. އެގްރީމަންޓްގައި ދައުލަތުގެ ފަރާތުން އަޅުގަނޑު ސޮއިކުރީ، ދައުލަތުގެ ކަމާބެހޭ އެތައް ފަރާތެއް ތިބެގެން އެއެގްރީމަންޓު ކޮށާއިމަށައި ހަދައި ނިންމެވުމުންނެވެ. އެކަންކުރުމުގައި ބައިވެރިވި އެންމެން އެކަން ރަނގަޅަށް ދަންނާނެއެވެ. އެއީ އަޅުގަނޑު އަތުންލިޔެލާފައި އަމިއްލައަށް ނިންމާލި އެއްޗެއް ނޫނެވެ. ހަމައެކަނި އަޅުގަނޑު ސިޔާސީ ޝިކާރައަކަށް މިހަދާ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނޭގެއެވެ. ވިސްނާވިސްނާ ވެސް ނުވިސްނެއެވެ. ހަމަނޭގުނެވެ! އޭސީސީއަށް ޝުކުރިއްޔާ!
އާދެ! އިމިގްރޭޝަން ހިންގާނެ ގާނޫނެއް އަޅުގަނޑައި އިމިގްރޭޝަން ހަވާލުވިއިރު އޮތަސް އެގާނޫނުގެ ދަށުން އޮފީސް ހިންގުމުގެ އިންތިޒާމްތައް ހަމަޖައްސައި އެމަގުން އެއްވެސް ކަމެއް އޮފީސްތެރޭގައި ހިންގާފައެއް ނުވެއެވެ. މަސައްކަތްތައް ކުރަމުން ގެންދަނީ، އެއިރެއްގެ ކޮންޓްރޯލަރ ވިދާޅުވާ ގޮތަކަށެވެ. ނޫނީ ސެކްޝަންތަކުގެ އިސްވެރިންނަށް ފެނިގެން އެފަހަރަކު ހަމަޖައްސާ އެންމެ ފައިދާބޮޑު ރަނގަޅު ގޮތަކަށެވެ. ތަބާވާނެ ގަވާއިދެއް ލިޔުމެއް ފެންނާކަށް ނޯވެއެވެ. އޮފީސް ހިންގުން އާދަވެފައި އޮތީ މިކަހަލަ އާދަކާދައިގެ ހިންގުމުގެ ދުވަސްވީ ހަމަތަކެއްގެ މައްޗަށެވެ. ދުވަސްތަކެއް ވަންދެން ހިނގާފައިވާ އިދާރާއަކަށް ވާތީ، އޮޓޮމެޓިކްކޮށް ކޮށްލާ ކަންކަން ދުވަހުން ދުވަހަށް އެދުވަކު ފީޑްކުރާގޮތަކަށް ހިންގަމުން ދަނީއެވެ.
ފަހެ، އަޅުގަނޑުގެ ބޮލުގައި ރިހި، ކަންބޮޑުވީ އިމިގްރޭޝަން ގާނޫނުގެ ދަށުން ހުރިހާކަމެއްގެ ޒިންމާތައް ކޮންޓްރޯލަރުގެ ބޮލުގައި އެޅިފައި އޮންނަ އޮތުމުން ނެވެ. އެހެންވެ ވީހާ އަވަހަށް ގަވާއިދުތައް ހަދައި ނިންމާލީއެވެ. މި މަސައްކަތަކީ، މުޅިން އާކަމެއްގެ ގޮތުގައި ހުރިހާ ގަވާއިދުތަކެއް ހަދައި ފުރިހަމަ ކޮށްގެން އެގަވާއިދު ތަކުގެ ގެދަށުން ހިންގާ ގޮތަށް ބަދަލުތައް ގެނެސް ސެކްޝަންތަކަށް މަސައްކަތް ބަހާލަން ޖެހުނީ، ސީދާ އަޅުގަނޑަށެވެ. ޖެހުނީ ސިވިލް ސަރވިސްއާ ގުޅައިގެން މުޅި އޮނިގަނޑު އަލުންބިނާ ކުރާށެވެ. އަދި އިމިގްރޭޝަން ގާނޫނުގައި އިޝޫކުރެވޭ ގޮތަށް ހުރި ހުރިހާ ވިސާތަކަކަށް މުޅިން އަލަށް ގަވާއިދު ހަދާއި ވިސާފޯމުތައް ޑިޒައިންކޮށް އެވިސާތައް ދޫކުރަން ފަށައިގަތީ އަޅުގަނޑެވެ.
ފަހެ، އެހުރިހާ ބާރެއް ވަނީ، ގާނޫނުގައި ކޮންޓްރޯލަރަށް ދީފައެވެ. ކަންކަން ކުރުމުގެ ފުރިހަމަބާރު އޮވެއެވެ. އަލަށް ތައާރަފްކުރި ވިސާތަކުގެ ތެރޭގައި، އެއްއަހަރު ދުވަހަށް ސްޕެޝަލްވިސާ ދިނުމާއި، 6 މަސްދުވަހަށް ބިޒްނަސް ވިސާ ދިނުން ފުރަތަމަ ފަހަރަށް އަލަށް ތައާރަފް ކުރީމެވެ. ބިޒްނަސް ވިސާއަކީ، އިމިގްރޭޝަނަށް ފައިސާނަގާ ވިސާއެކެވެ. ސްޕެޝަލް ވިސާއަކީ ދައުލަތުގެ ބޭނުމަށާއި މުޖްތަމައުގެ ފައިދާއަށް، ނުވަތަ ދަރުމައަށް ދައުލަތުގެ ހުއްދަ ރަސްމީކޮށް އޮވެގެން ކުރަމުންދާ ޚާއްސަ ޚިދުމަތްތަކަށް ގެނެވޭ ވަކިހުނަރަކަށް ޚާއްސަ ވެފައިތިބޭ ބިދޭސީންނަށް ދޫކުރަން އޮންނަ ވިސާއެކެވެ. މިވިސާތަކާއި މިވިސާތަކުގެ ޖޫނިމަނާ ތަކަކީ، ދައުލަތުގެ އާންމުދަނީއަށް އަލަށް ވަންނަންފެށި އިތުރު ފައިސާއެކެވެ.
އެހެނަސް މިކަން ވެގެންދިޔައީ ސިޔާސީ ގޮތުން ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. އެދުވަސް ވަރަކީ، ފައިސާއަށް ލޭބަރ މިނިސްޓްރީން ވޯކްޕާމިޓް ނެރެވެމުން ދިޔަ ދުވަސް ވަރެކެވެ. ރަސްމީ އެޖެންސީ ތަކަށް ވުރެ އަވަހަށް މަގުމަތީ އެޖެންޓުން މިކަންކޮށް ލާލެއް މާއަވަހެވެ.
ފަހެ، ބިޒްނަސް ވިސާއަކީ އިމިގްރޭޝަން ގާނޫނުގެ ދަށުން ކުރު މުއްދަތަށް ދެވޭ ވިސާއެކެވެ. ސްޕެޝަލް ވިސާއަކީ އެއްއަހަރު ދުވަހަށް ދެވޭ ވިސާއެކެވެ. މިވިސާތަކުގެ ދަށުން އަމަލީގޮތުން ބައެއް ފަންނީ ޚާއްސަ މަސައްކަތްތައް ރާއްޖޭގައި ކުރެވޭނެ އެވެ. ދެންވީ ގޮތަކީ ކުރު މުއްދަތަށް އަލަށް އިމިގްރޭޝަނުން ފެށި ވިސާތަކަށް އަންނަ މީހުންގެ އަތުން ކުރިން ލިބިލިބި ހުރި ފަސާދައިގެ ފައިސާ ލިބުމުގެ ދޮރުބަންދު ވީއެވެ. އަދި މިވިސާގައި އަންނަން ބޭނުންވާ ބިދޭސީންނަށް ވޯކްޕާމިޓް ހުއްޓުނީއެވެ. ދެން އެކަމާ ލޭބާރ މިނިސްޓްރީން ކަންބޮޑުވުންތައް އުފުލައި މައްސަލަ ތަކެއް އަޅުގަނޑާ މެދު ކުރިމަތި ކުރުވީއެވެ. އެހެނަސް މިކަންކަން އަޅުގަނޑު ކުރީ އޭރުގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ލިޔުމުން ދެއްވި ގާނޫނީލަފާގެ މަތީންނެވެ.
އެހެނަސް އެކަންކަން ރައީސުލް ޖުމްހޫރިއްޔާ އައި ހަމައިން ރައީސް އޮފިސްތެރޭގައި ވާހަކަ ދައްކައިގެން ހައްލުކޮށް އިމިގްރޭޝަންގެ މަސައްކަތް ކެރިގެން އިމިގްރޭޝަނުން އެއްފުރާޅެއްގެ ދަށުގައި ކުރަމުން ގެންދާގޮތަށް ބާއްވައި ހުރިހާ ގޮންޖެހުން ތަކާއެކު އަޅުގަނޑު އިސްވެ ހުރެގެން އެކަންކަން ބާރަށް ކުރިޔަށް ގެންދިޔައީ އެވެ. އިމިގްރޭޝަން ގާނޫނު ތަންފީޒުކޮށް ދެމެހެއްޓީއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ބައެއް ރަސްމީ މީޓިންތަކުގައި ރައީސް ނަޝީދު އިންނަވަން އުނދަގޫފުޅު ވެގެން، ނައިބު ރައީސް ވަހީދުއައި ވެސް ހަވާލު ކުރެއްވި އެވެ. ވާހަކަތައް ފެށުނީ ރިޔާސަތުގައި، ރައީސް ނަޝީދު އިންނަވައި ގެންނެވެ. ކަނާތްފަރާތުގައި މިނިސްޓަރ ހަސަން ލަތީފެވެ. މިހާރުގެ ރައިސް ނަޝީގުގެ ގާނޫނީވަކީލެވެ. ވާތްފަރާރުގައި ކޮންޓްރޯލަރުގެ ހައިސިއްޔަތުން އަޅުގަނޑެވެ. އަޅުގަނޑަކީ، ގާނޫނީ ވަކީލަކަށް ނުވިޔަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހެދި މުހާމީ ކޯސްތަކުގެ މުގައްރަރުތައް ހެދުމާއި ލިޔުމުގައި އަމަލީގޮތުން އުޅެފައިހުރި މީހެކެވެ. އަދި އިސްލާމީ ޝަރީއަތް ކިޔަވައިގެން ހުރި އަރަބި ބަހުން ކިޔަން ލިޔަން އެނގޭ މީހެކެވެ. ރައީސް އޮފީހުގެ ނަތީޖާއަކަށް ނުކުތީ ވެސް ގާނޫނައި އެއްގޮތަށް ކުރިޔަށް ދާށެވެ. އެހެނަސް ސިޔާސީ ދުއްތުރާތައް ދެމިގެން ދިޔައެވެ. އޭރަކީ އެމްޑީޕީ އެކްޓިވިސްޓުން ނެރެ ހިއްޕުވާލީމާ ހުރިހާ ރަނގަޅު ކަމަކާއި ނުބައިކަންކަން ވެސްވާ ދުވަސްވަރެވެ.
އާދެ! އިމިގްރޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް ޑްރާފްޓް ކުރުމަށް ހެދިގޮތަކީ، ކޮންމެ ދުވަހަކު ދޮޅުގަޑި އިރު ކަނޑައަޅައި އިސްވެރީންނާ އެކު އެކަމަށް ވަގުތު ހުސްކޮށްގެން ސީދާ އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރާގޮތަށް ހަމަޖައްސައި، ހައެއްކަމަސް ދުވަހުން ހުރިހާ ގަވާއިދެއް ލިޔެ ނިންމައި ބަންޑާރަ ނައިބު އޮފީހަށް ލަފައަކަށް އެދި ފޮނުވާ ލީއެވެ. އެއޮފީހުގައި ނުނިމި ދުވަސްކޮޅެއް ނެގުމުން، އޭރުގެ ބަންޑާރަ ނައިބު ސަވާދު އަލީ އައި މަޝްވަރާތައް ކުރިޔަށް ގެންގޮސް، އަދި ފަހުން ބަންޑާރަ ނައިބު ދިޔާނާއަށް ގުޅައިގެން އަވަސް ކުރުވައިގެން ލިޔުމުން ދެއްވި އިސްލާހުތައް އަލުން ގެނެސް، ރައީސް އޮފީހަށް ފޮނުވައިގެން ގެޒެޓުކޮށް ރަސްމީ ސިފައެއްގައި އެގާނޫނުތަކަށް އަމަލު ކުރަންފެށިއްޖެ ވާހަކަ އާންމުކޮށް އިއުލާނުކޮށް ލީއެވެ. އެހިސާބުން ވަރަށް ގިނަ މަސައްކަތް ތަކެއް ފުރިހަމަ ކުރެވުނީ އެވެ. އަޅުގަނޑުގެ މަސައްކަތުގެ ބޮޑުބައި ކާމިޔާބު ކުރެވުނީ އެވެ. ފަހެ، މަސައްކަތް ކުރަންތިބި އޮފިސަރުންނަށާއި ޚިދުމަތް ލިބިގަންނަން ތިބި ރައްޔިތުންނަށް އެކަންކަމުގައި ކުރިޔަށް ދާނެގޮތްތަކާއި ހަދާނެގޮތްތައް ސާފުގެން ދިޔައީ އެވެ. މަސައްކަތްތައް ލުއިވެ ސްޕީޑްއަވަސް ވެގެންދިޔަ އެވެ.
އެހެނަސް އިންސާނީ ވަގުފާރީގައި ޝާމިލުވެ، ބިދޭސީން ވަގުބާޒާރުގައި ވިއްކަމުން ބޭނުންކުރަމުން، އެފިޔަފާރި ފުޅާ ކުރަމުން ގެންދާ މީހުންގެ ފަރާތުން ވަރަށް ނުރުހުންތައް އަޅުގަނޑަށް އަމާޒުވި އެވެ. އިންޒާރުތައް ވެސް އައެވެ. މަގުމަތީން ދިމާކޮށް ހަޑިހުތުރު އައުގުރާނަގޮވާ ހެދިއެވެ. ވަގަށް ގޮވާހެދިއެވެ. ފޯނަށް މެސެޖްތައް ފޮނުވައި އިންޒާރުދީ ހެދިއެވެ. އެންމެ ފުރަތަމަ ފަހަރު އަލަށް ދިވެއްސަކު ގާނޫނައި ޚިލާފަށް ބިދޭސީއަކު ގެންގުޅެގެން ދިވެހި ތާރީޚުގައި ވެސް އަލަށް އިމިގްރޭޝަން ގާނޫނުގައި ކަނޑައެޅިފައި އޮންނަ ޖޫރިމަނާ ކުރި ދުވަހުގެރޭ އަޅުގަނޑު އެކަން ކުރަން ފޮނުވި އޮފިސަރުގެ މޮޓޯ ސައިކަލާއި އޭނާދިރިއުޅޭ ގޭފިހާރައިގެ މޫނުމަތިން މަދު ހިސާބެއް، ގޮތްނޭނގޭ ގޮތަށް މޫނުމަތި ނިވާކޮށްފައި ތިބިބަޔަކު ގޮސް އަންދާލިއެވެ. އެ އޮފިސަރުގެ މޮޓޯ ސައިކަލު އެކީގައި އަނދާހުލިވީ އެވެ. އެއްގޮތަކަށް ވެސް އެކަންކުރި ބަޔަކު މިހާތަނަށް ވެސް ވަނީ، ފުލުހުންނަށް ނުހޯދިފައެވެ. މޫނުމަތި ނިވާކޮށްގެން ދަންވަރު ރަށުތެރޭގައި އުޅޭ މީހުންގެ ވާހަކައަކީ، މުޅިން އެހެން ސްޓޯރީއެކެވެ. އެއީ ވަކި ސިޔާސީ ބާރަކުން ގެންގުޅޭ ޚާއްސަ ފޯހެކެވެ.
ފަހެ، މިގަވާއިދުތައް ލިޔަމުން ދިޔަ އިރުވެސް ސެކްޝަން ތަކަށް ސަކިއުލަރ ނެރެގެން، ހަދަމުންގެންދިޔަ ވަރަކަށް ގަވާއިދުތައް ގެންދިޔައީ ސެކްޝަން ތަކަށް ތައާރަފުކޮށް އަމަލީގޮތުން ހިންގަމުންނެވެ. ތަންފީޒު ކުރަމުންނެވެ. ދެން އަޅުގަނޑު ކުރި އިތުރު މަސައްކަތްތަކުގެ ތެރޭގައި، އޮފީހުގެޖާގަ ކުޑަވެގެން މާލެއިން އެހެން އިމާރާތެއް ހޯދައި ބައެއް އިދާރީ މަސައްކަތްތައް ވިސާޖެހުން ކަހަލަ އާއޮފީހަކަށް ބަދަލު ކުރީމެވެ. އޭގެތެރޭގައި މާފަންނުން އިމާރާތެއް ހޯދުމާއި ފަހުން ހެންވޭރުން އިމާރާތެއް ހޯދުމައި ވޯކްވިސާގެ މަސައްކަތް އެތަނަށް ބަދަލުކުރުމާއި މާލޭ ޖަލުތެރެއިން ޖާގައެއް ހޯދައި، ހިފާ ހައްޔަރުކޮށް ވަގުތީގޮތުން ބައިތިއްބާ ބީދޭސީން ޑިޓެއިން ކުރާނެ ތަނެއް ހަމަޖައްސައި އެތަނުގެ މަރާމާތު އިންސާނުން ގެންގުޅެވޭ ފެންވަރަށް ނިންމުން ހިމެނެއެވެ. އަދި ބިދޭސީން ޑިޓެއިން ކުރާނެ ޑިޓެއިނިން ސެންޓަރެއް ވަގުތީ ގޮތުން ހުޅުމާލޭގައި ހަދައި އެތާނގައި އަމަލީ ގޮތުން މަސައްކަތް ފަށައިގަތީ އަޅުގަނޑެވެ. މާލޭން ޑިޓެއިންކުރާ ހުރިހާ ބިދޭސީން ހުޅުމާލެއަށް ބަދަލު ކުރެވުނެވެ.
އަދި އިމިގްރޭޝަނުގެ ބައެއް ލުއި ޚިދުމަތްތައް ހުޅުމާލޭގައި ތައާރަފް ކުރީމެވެ. މިމަސައްކަތްތައް ފުރިހަމަ ކުރުމުގައި އޮފިސަރުންނާ އެކު އަމަލީގޮތުން އަޅުގަނޑު އުޅެމުން ގެންދިޔައިމެވެ. ބައެއްރޭރޭ އެކުގައިހެން ހޭލާ އުޅެންޖެހުނެވެ. ގިނަ ތައްޔަރީގެ މަސައްކަތްތައް ކުރީ އޮފިސަރުން ރެއާއި ދުވާލު ހޭލާތިބެގެން، އައުޓްސޯސް ނުކޮނެވެ. އަދި ޑިޓެއިނަރުން ލައްވައި މަސައްކަތް ކުރުވައިގެން ނެވެ. ހަގީގަތުގައި އަޅުގަނޑަށް މިފަދަ އުނދަގޫތައް، ބޮލަށް ވެއްޓެވަރު ވެފައިހުރި މުވައްޒަފުންގެ ނާދީ، އަދި މާފަންނުން އެޑިއުކާޝަނުން ދޫކޮށްލާފައި ހުރި ގުދަން އިމާރާތެއް ފަދަ ބާއިމާރާތްރައް ދީގެން އުޅުނީ މިކަންކަން ނުކޮށް ހުއްޓާލާތޯއެވެ! ރައީސް އޮފީސްތެރޭގައި އާއިމާރާތެއް ހަމަޖައްސައި ދޭން ހަވާލުވެ ތިއްބެވީ، މިކަންކަންވިޔަ ނުދޭން ހިއްޕެވި ވެރީންގެ ތެރެއިން ހިމެނޭ ބޭފުޅުންނެވެ. މިކަންވީ ހިތަށް ނުގެނެވޭ ވަރުގެ އުނދަގުލަކަށެވެ.
އާދެ! ލޭބަރ މިނިސްޓްރީން ނަގަމުން ގެންދިޔަ ވިސާފީތައް އިމިގްރޭޝަނުން ނަގާގޮތަށް ބަދަލުކޮށް ވޯކްޕާމިޓަށް ފައިސާ ނުނަގާ ގޮތަށް އެއީ އިދާރީ ގޮތުން އިމިގްރޭޝަނަށް އަންގާލަން އޮންނަ އިދާރީ ލިޔުމަކަށް ބަދަލުކޮށް އެލިޔުމުގެ ނަމަކީ، އެންޕްލޮއިމަންޓް އެޕްރޫވަލް ކަމުގައި ހަމަޖެއްސީމެވެ. އަދި ވޯކްވިސާ އިޝޫކުރާއިރު ޕާސްޕޯޓުގައި ޖަހާނެ ސްޓިކަރއެއް ޒަމާނީ ފެންވަރަށް ޑިޒައިންކޮށް ތައާރަފުކޮށް ބިދޭސީންގެ ޕާސްޕޯޓުގައި ޖަހަން ފެށީމެވެ. އެންބަސްކުރާ ތައްގަނޑުތައް ތައާރަފް ކުރީމެވެ. މިކަން ވެސް ވެގެންދިޔައީ ވަރަށް ޗެލެންޖުތަކައި ކުރިމަތިވި ކަމަކަށެވެ. އަދި ވޯކް ވިސާގައި އެތެރެވާ ބިދޭސީންގެ ދެއަތުގެ ހުރިހާ އިނގިލިތަކުގެ ނިޝާން އެއަރޕޯޓުން ނަގަން ފެށީމެވެ. އަދި އެތެރެވާއިރު ބުރިކޮށް ފޮޓޯއެއް ރެކޯޑުގައި ބެހެއްޓުމަށް ނަގަންފެށުނެވެ. މިކަންވެސްވީ ގޯހަކަށެވެ. ނުރުހުނު މީހުން ގިނައެވެ. އިންސާނިއްޔަތާ ޚިލާފު ކަމަކަށެވެ. އަދި އެއަރޕޯޓުގައި ބޭނުންކުރާ ފްލައިޓުން ބަހައި، އަދި ފުރާއިރު ބޭނުންކުރާ، އެރައިވަލް އެންޑް ޑިޕާޗަރ ކާޑު އަލުން ޒަމާނީ ފެންވަރަށް ޑިޒައިންކޮށް އޭގެ އަނެއް ފަރާތުގައި އިޝްތިހާރު ޖަހައި ހިލޭޗާޕުކޮށް ބަހާގޮތަށް ހަމަޖެއްސީމެވެ.
ފަހެ، މިކަންވެގެން ދިޔައީ ބަޖެޓުން އެއްވެސް ޚަރަދެއްނުކޮށް ކުރެވޭ ވަރަށް ރަނގަޅު ކަމަކަށެވެ. އެއަރޕޯޓުގެ މަސައްކަތްތައް އަލުން ބަހާއި ދެޝިފްޓަށް އޮފިސަރުން ހަމަޖައްސައި، 24 ގަޑިއިރު ވަރުބަލިކަމެއް ނެތި ހުއްޓުމެއް ނެތި، މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތް ހިނިތުން ވުމާއެކު އެއަރޕޯޓުންނާއި ހާބަރު ޔުނިޓުން އަދި މާލޭ ޕާސްޕޯޓު ސެކްޝަނުން މެދުކެނޑުމެއް ނެތި، އޮފިސަރުންނަށް ޑިއުޓީ އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނީމެވެ. އަދި އެއަރ ޕޯޓުގައި ކޮޓަރި އެއްގެ ތެރޭގައި ކޮފީބޯލަން ތިބެވޭނެ ގޮތަށާއި މައިކްރޯވޭވް އަވަނެއްގެ އިންތިޒާމް ހަމަޖައްސައި ދިނީމެވެ. މިއީ ގިނަ ވަގުތު ޑިއުޓީގައި ސައިކޮފީ މޭޒުތަކަށް ބޭރަށް ދިއުން މަދުކުރުމަށް އެޅުނު ފިޔަވަޅެކެވެ.
އާދެ! އަޅުގަނޑަށް ގިނަފަރާތް ތަކެއްގެ ތައުރީފްލިބުނު ކަމެއް ވެސް ކުރެވުނެވެ. އެއީ އިމިގްރޭޝަނަކީ، ތަންފީޒީ އިދާރާއަކަށް ވާތީ އެއިދާރާއިން ކުރާ ހުރިހާ މަސައްކަތެއްގެ ތަފާސްހިސާބު ފޮތެއް ގްރެފިކްކޮށް ޗާޓުތައް ކުރަހައިގެން ދައްކާފައި ނެރުމެވެ. މިމަސައްކަތް ކުރާނެ ޔުނިޓެއް ހަމަޖައްސައި އެކަމަށް ތައްޔާރު ކުރި ކުޑަސިލިޕެއް ބޭނުންކޮށްގެން ކޮންމެ ސެކްޝަނަކުން އެދުވަހަކު ކުރާ މަސައްކަތެއްގެ މިންވަރު، އަދި ކުރެވޭ މަސައްކަތުގެ މިންވަރުތައް ޖަހާފައި އަނބުރާ ޔުނިޓަށް ފޮނުވަން ޖެހޭގޮތަށް ނިންމުނެވެ. އަދި އެޔުނިޓުން އެކަންކުރާ އިސްއޮފިސަރު ހަފްތާއަކު އެއްދުވަހު ސްޓާފްމީޓިންގައި އެހަފްތާގެ ހިސާބުތައް ކޮންޓްރޯލަރަށް ބުނެދޭން ޖެހޭނެއެވެ. ލިބޭ ފައިސާގެ މައުލޫމާތު ވެސް މިގޮތަށް ދުވަހުން ދުވަހަށް ބަލަހައްޓަމުން ގެންދިޔައިމެވެ. އަދި މަސް ނިމުމުން ފޮތެއް ސިފައިގައި ޕްރިންޓުކޮށް ކޮންޓްރޯލަރގެ ޚިތާބަކާ އެކު ނެރެންފެށީމެވެ. އަދި އިމިގްރޭޝަން ސައިޓްގައި ކޮންމެ މަހަކު އެއްފަހަރު ނެރޭފޮތުގެ ސޯފްޓްކޮޕީ އަޕްލޯޑުކުރަން ޖެހޭގޮތަށް ހަމަޖެއްސީމުއެވެ. މިކަން ކުރުމުން ގިނަފަރާތް ތަކަށް އިމިގްރޭޝަނަށް ވަންނަންޖެހޭ އެތައް ފައިސާއެއް އިމިގްރޭޝަނަށް ނުވަދެ ފޭދިގެންދާ ކަން ވިސްނަގަންނަން ވަރަށް ފަސޭހަވިއެވެ.
މިއަތްމަތީފޮތް ގަވާއިދުން ރައީސް އޮފީހަށް ރައީސް އަރިހަށާއި އެމްއެމްއޭ އަށާއި ފައިނޭންސް މިނިސްޓްރީ އަދި އޯޑިޓް އޮފީހަށް ފޮނުވަމެވެ. ވަރލްޑް ބޭކުންނާއި ޔޫއެން މާލޭގައި ހުންނަ އޮފީހުންނާއި އެމްއެމްއޭއިން މިކަމަށް ތައުރީފް ކޮށް އަޅުގަނޑަށް ސިޓީލިބުނެވެ. އަދި ފުރަތަމަފޮތް ބައްލަވާފައި ރައީސް ނަޝީދު އަޅުގަނޑަށް ފޯނުން ގުޅުއްވިއެވެ. އެމަނިކުފާނަށް ވަރަށް ކަމުދިޔަ އެއްޗަކަށްވި އެވެ.
އަދި މީގެ އިތުރުން، މާލޭގައި އަލަށް ހެދި ވެލާނާގޭ އޮފީސް އިމާރާތުން އިމިގްރޭޝަނަށް ލިބުނުތަނުގައި މީހުންނަށް ވަދެނުކުމެ އުޅެވޭވަރުގެ ސޭފްރޫމެއް ބޯދަނގަޑު ފިލައިން، އަލަށް ގެންނަ ބޭނުންނުކޮށް ހުންނަ ޕާސްޕޯޓުތައް ސަލާމަތްތެރި ކަމާއެކު ރައްކާކުރުމަށް ކޮޓަރިއެއް ޑިޒައިންކޮށް ހަދާއި ސްޓޮކް ބަލަހައްޓާނެ ފުރިހަމަ އިންތިޒާމެއް ގައިމު ކުރީމެވެ. މިކަން ކުރުމަށް ޚިޔާލު ގެނެވުނީ އެފަދަ ޕާސްޕޯޓުތައް ބެލެހެއްޓިފައި ހުރިލެއް ދޯދިޔާ ކަމުންނެވެ. އުޅެއުޅެ ވެސް ވާނުވާއެއް އަޅުގަނޑަށް ސާފުކޮށެއް ނުދެވުނެވެ. އަދި ޑިޕްލޮމެޓިކް އެންމެ އަގުބޮޑު ޕާސްޕޯޓުތަކުގެ ހިސާބުތައް ވާނުވާގޮތެއް ސާފޮކޮށެއް ނުގަނެވުނެވެ. ޖެހުނީ ރޮނގެއް ދަމާލާފައި ގުނާ ހެދުމަށް ފަހު އަލުން ބަލަހައްޓަން ފަށާށެވެ. އަޅުގަނޑު ރޭވިގޮތުން އިދާރީ ސެކްޝަނުގެ ހެޑާއި ޕާސްޕޯޓް ސެކްޝަނުގެ އިންޗާޖަށް ނޭގި މިޚަޒާނާއިން އެއްޗެއްނެރެ، އަދި ވައްދައެއް ނުހެދޭނެއެވެ. އަދި ހަފްތާއަކު އެއްފަހަރު ކޮންޓްރޯލަރަށް ސްޓޮކް ކިޔައިދޭން ޖެހޭނެއެވެ.
އާދެ! އަޅުގަނޑުގެ ވިސްނުން ބެހެއްޓީ ޚިދުމަތް ލިބިގަންނަން އަންނަ ކޮންމެ މީހަކަށް ވެސް އިމިގްރޭޝަނުގެ ފުރަތަމަ ކައުންޓަރުން ހުރިހާ ޚިދުމަތެއް ބަރާބަރަށް ލިބިގެންދާނެ ނިޒާމެއް ގައިމު ކުރުމަށެވެ. އެގޮތަށް ބަދަލުކޮށް ލުމުން ވަރަށް މަދުންނޫނީ ޝަކުވާއެއް ކޮންޓްރޯލަރައި ހަމައަށް ނާދެއެވެ. އަދި އަންނަ މަދުކަންތައް ވެސް ވަގުތުން ވަގުތަށް ހައްލުކޮށް ދެމެވެ. ގާނޫނުގެ ތެރެއިން އެންމެ ފުޅާކޮށް ކޮށްދެވެން ހުރި ހުރިހާ ޚިދުމަތެއް ވާނީ، ރައްޔިތުންނަށް ހަމަހަމަކޮށް ހުޅުވާލެވިފަ އެވެ. އެންމެ ކުރިން އޮފީހަށް އައިސް އެންމެފަހުން ގެއަށްދާ މީހާއަށް ގިނައިން ވެފައި ހުންނާނީ އަޅުގަނޑެވެ. ބޭނުންވާ ކޮންމެ މީހަކަށް އަޅުގަނޑާ ހަމައަށް އާދެވޭނެއެވެ. އެހެނަސް ކިތަންމެ އާދޭހެއް ކުރިޔަސް، އަދި ތަކުރާރުކޮށް ބައްދަލު ކުރިޔަސް އިމިގްރޭޝަން ގާނޫނައި ޚިލާފު އެއްވެސް ކަމެއް އަޅުގަނޑާ ހަމައިން ނުކުރެވޭނެ އެވެ. އަދި އެހުއްދަ އެއްވެސް އޮފިސަރަކަށް ނުދެމެވެ. ދީފައެއް ވެސް ނޯންނާނެއެވެ.
ފަހެ، ގާނޫނަކުން އަޅުގަނޑު ޒިންމާދާރު ކޮށްފައި ވާތީ އެއަޒުމުގައި އަޅުގަނޑު ކުރިޔަށް ދިއުމުގައި ދެމިހުރެގެން ވަރަށް ގިނަ ގޮންޖެހުން ތަކައި ކުރިމަތިލާން ޖެހުނެވެ. އޭގެތެރެއިން އުސްއަލިތަކެއްގެ ގޮތުގައި އަބަދުވެސް ހަނދާނުގައި ހުންނަ ބޮޑަށް ފާހަގަ ކުރެވޭ ބައެއް ވާހަކަތައް މިފަދަ އިންޓަރވިއޫ އެއްގައި ގެނެސްދިނުމުން ޒުވާނުންނަށް އިބްރަތަކަށް ވާނެތީ، ގެނެސްދޭނަމެވެ.
ފަހެ، އެންމެބޮޑު ކަމަކަށް ދިމާވީ، 30 އަހަރު ރައީސްކަން ކުރެއްވި، ރައީސް މައުމޫނުގެ ޕާސްޕޯޓު ހިފާއްޓައި ދިނުމަށް އެދި ރައީސް އޮފީހުން ގުޅާފައި އެންގި އެންގުމެވެ. އަދި ފަހުން ރައީސުލް ޖުމްހޫރިއްޔާ ވެސް އެކަމާ ގުޅުއްވުމުން ނެވެ. ރައީސްގެ ޖަޒްބާތީ ޒުވާން ވިސްނުންފުޅު ހުރީ، އަހަރުމެންގެ ވެސް ޕާސްޕޯޓު އޭރުގެ ރައީސް ހިފޭއްޓި ގޮތަށް ހިފާއްޓާލާފައި ކޯޓުން ދޫކޮށްލަން އެންގީމާ ދޫކޮށް ލެވިދާނެ ކަހަލަ ވިސްނުން ފުޅަކަށެވެ. އިމިގްރޭޝަން ގާނޫނުގައި އޮންނަނީ، މީހެއްގެ ޕާސްޕޯޓު ހިފޭއްޓޭނީ ކޯޓުން ޝަރުއީ އަމުރެއް އޮވެގެން ކަމަށެވެ. އެހެންވެ މިކަން އަޅުގަނޑު ނުކުރީއެވެ. އެހެނަސް ސަލާމަތަށް ގެއްލުންހުރި ބޮޑު ކަމަކަށް ޝައްކު ކުރެވިއްޖެ ނަމަ ހިދުކޮޅަކަށް ދިވެހީންނައި ސުވާލު ކުރެވޭނެ އިޚްތިޔާރު ކޮންޓްރޯލަރަށް އޮވެއެވެ. އަދި ބިދޭސީންގެ ވިސާތައް ހިފޭއްޓުމުގެ ބާރާއި ފުރުވާލުން، އަދި ރާއްޖެއަށް ވެއްދުމުން މަހްރޫމްކޮށް އަނބުރާ ފޮނުވާލުމުގެ ފުރިހަމަ ބާރު ސީދާކޮށް ކޮންޓްރޯލަރަށް ދީފައި އެގާނޫނުގައި އޮވެއެވެ.
އާދެ! ދެން ދިމާވީ ކަންތައް ދިމާވީ، 2012 ގައި ރައީސް ވަހީދަށް ވެރިކަން ބަދަލުވެގެން ދިއުމުން، އަޅުގަނޑު މޯލްޑިވްސް އިމިގްރޭޝަނަށް އަލުން ކުއްލި ގޮތަކަށް، 8 ފެބްރުއަރީ ދުވަހު ބަދަލުކުރި ފަހުންނެވެ. އޭރު އަޅުގަނޑު ހުރީ ސްޓޭޓް މިނިސްޓަރެއްގެ ފެންވަރަށް ރައީސް ނަޝީދު ގެންނަވާފައެވެ. އަދި އޭރު އަޅުގަނޑު ހުރީ މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓަށް، 21 ފެބްރުއަރީ 2011 ގައި ބަދަލު ކޮށްފައެވެ.
އާދެ! ރައީސް ވަހީދުގެ ސަރުކާރުން ކުއްލިކަމެއްގެ ގޮތުގައި އަޅުގަނޑު އިމިގްރޭޝަނަށް އެދުވަހު ގެންނަން ޖެހުނީ ކުއްލި ސަބަބަކާ ހެދިއެވެ. މިކަން އެހާ އަވަހަށް ކުއްލިގޮތަކަށް އެސަރުކާރުގެ އެންމެ ފުރަތަމަ ދެވޭ މިފެންވަރުގެ ވަޒީފާގެ ގޮތުގައި އަޅުގަނޑުގެ ވަޒީފާ ބަދަލުކުރަން ޖެހުނީ، 7 އަދި 8 ފެބްރުއަރީގެ ސިޔާސީ ހައިޖާނުގަނޑު ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނަށް ބަޔަކުވަދެ ބައެއް ލިޔުންތަކައި ކުޅޭ ޚަބަރު ލިބިގެން، އަޅުގަނޑު އެތަނަށް ދިއުމަށް އެއްވެތިބި ރައްޔިތުންގެ ތެރެއިން ބަޔަކު އެދިގެން އެކަންތައްގަނޑު ގައި އެތަނަށް ދިއުމަށް އަޅުގަނޑައި ހަމައަށް އައުމުން، ގާނޫނީގޮތުން ބާރު ލިބިގެން ނޫންގޮތަކަށް އެތަނަށް ގޮސް އިމިގްރޭޝަން ތެރެއަށް ވަނުމަށް އަޅުގަނޑު އިންކާރު ކުރުމުންނެވެ. ފަހެ، އަޅުގަނޑަށް ފަތްކޮޅާއި ޗިޓްސިޓީ ލިބުމުން ހަމަ އެވަގުތު އިމިގްރޭޝަނަށް ގޮސް އެއިދާރާގެ ކޮންޓުރޯލް ފުލްކޮށް ނެގީއެވެ. އަދި ހުރިހާ ކަމަކާއި ޒިންމާތަކައި އަލުން ހަވާލުވީމެވެ. މުޅިކޮންޓްރޯލް އަޅުގަނޑުގެ ދަށަށް ގެނައިމެވެ.
އާދެ! ދެވަނައަށް ދިމާވި އަސްލު ކަންތަކަކީ، ބޮޑު ޑްރާމާއެއްގެ ސިއްރު ރޭވުމުން ގަޑަކަށް ޑިފެންސް މިނިސްޓަރުގެ ވެސް ހަމްދަރުދީ ދަމައިގަނެވިފައި އޮތްކަމެކެވެ. ސަރުކާރުން އެކަން ނެންގެވީ ވަރަށް ސެންސިޓިވް ކަމަކަށެވެ. ބަޔަކަށް ހެސްކިޔާފަ އަނިޔާ ލިބުނީމާ ޓްރޭންޑް މިލިޓަރީ މީހަކަށް އެހެން ވެދާނެ އެވެ. އެހައްސާސީ ކަމަކީ، އެމްޕީ ރީކޯ މޫސާ މަނިކަށް އެދުވަހުގެ ހައިޖާނުގައި ލިބުނު އަނިޔާތަކާ ގުޅިގެން ކުއްލިގޮތަކަށް ކުއްލިފަރުވާ ދޭން ސްރީލަންކާއަށް ފުރުވާލަން ޖެހުނު ހިނދު، ކޯޓުގެ އަމުރަކަށް މޫސާމަނިކުގެ ޕާސްޕޯޓު ހިފާއްޓާފައި އޮތުމެވެ. އެޕާސްޕޯޓު ދޫކޮށްދިނުން އެދި އޭރުގެ އާ ޑިފެންސް މިނިސްޓަރ ކާނަލަ ނާޒިމް ސަރ އާއި ރައީސް އޮފީހުން ވެސް އަޅުގަނޑައި ގުޅުއްވިއެވެ.
އެހެނަސް، އަޅުގަނޑަށް ޖެހުނީ ކޯޓުއަމުރެއް ގެނައުމުން ނޫނީ އެރޭ ދަންވަރުގެ އިމަޖެންސީ އަކަށް ވިޔަސް، ދޫކުރެވެން ނެތްކަމަށް ދަންނަވައި މޫސާ މަނިކު އެރޭދަންވަރު ފުރުވާލުމަށް ޕާސްޕޯޓު ދިނުމަށް އިންކާރު ކުރާށެވެ. ކާނަލް ނާޒިމަށް ޖެހިވަޑައިގަތީ ކޯޓުހުޅުވުނު ގޮތަކަށް ހުޅުވައިގެން ކޯޓުއަމުރެއް އަޅުގަނޑަށް ފެންނަ ހިސާބަށް ފޯރުކޮށް ދެއްވާށެވެ. މިކަން ފުރިހަމަ ވެގެން ފުރުވާލެވުނީ، އަނެއްދުވަހު މެންދުރުއެވެ.
ފަހެ، އަޅުގަނޑު އިމިގްރޭޝަނަށް ވަދެ އޮފީހައި ހަވާލުވިއިރު، ތިންސޮފްހާގެ މިދެންނެވި ކޯޓުއަމުރު އޮތީ ފައިލްކުރެވި ބޯޑަރކޮންޓްރޯލް ސިސްޓަމަށް އަޕްލޯޑު ކުރެވިފައެވެ. އެމްޕީ މޫސާމަނިކަށް ލިބުނު އަނިޔާއާއި ވީގޮތާއި މޭކްއަޕް ކޮށްދިން ޓެޑްގެ ވާހަކައާއި އެހައިޖާނަށް ދިވެހި ގައުމު ދިޔައިރު އެކަމާ ގުޅިގެން މަތީ ދަރަޖައިގެ ގިނަބައެއްގެ ޕާސްޕޯޓުތައް ހިފޭއްޓުމަށް އެދި ކޯޓު އަމުރެއްނެރެއް އިމިގްރޭޝަނަށް ފޮނުވީ، ކޮން ސިޔާސީ ބާރަކުން ކޮންގާޒީއަކު ކަމާއި ކޮންފުލުހަކު މެދުވެރުކޮށް ފުލުސް އޮފީސް ނަމުގައި ކޯޓަށް އަންގައިގެންތޯ އެކަންކަމުގެ އެވާހަކަ ތަކަކީ، މުޅިން އެހެން ވާހަކަ އެކެވެ. ސުވާލުގައި ނެތް މާދުރުގެ ސިޔާސީ ވާހަކައެކެވެ! ވީމާ އެބައި ބޭއްވީއެވެ! ދޫކޮށް ލާނަމެވެ!
އާދެ! ދެންދިމާވި އެނެއް ސެންސިޓިވް ކަމަކީ މަޖާހެއްވާ ކަމެކެވެ. ސައުދީ އެރެބިޔާގެ އަމީރެއްގެ އަނބިކަނބަލުން އޭނާގެލޯބިލޯބި ދެޕަޕީ ރާއްޖޭގެ ސަރަހައްދަށް ވައްދަން ހުއްދަނުދޭހާ ހިންދަކު ޖެޓުން ނުފައިބާ އިންނެވުމުން ރާއްޖޭގެ ސަރަހައްދަށް އެދެޕަޕީކުއްތާ ވެއްދުމުގެ ހުއްދައިގެ ކަންތަކެވެ. އެންމެފަހުން މިކަން ކުރީ ކޮންޓްރޯލަރުގެ ހުއްދައަކަށް ނޫނެވެ. ކޮންޓްރޯލަރ އަކީ ދިވެހީންނާއި ބިދޭސީން އެތެރެކުރާ ފަރާތް ކަމަށާއި ކުއްތާއާއި ޖަނަވާރު އެތެރެކޮށް ޒިންމާއުފުލާ މީހެއްނޫން ކަމަށް ބުނަންޖެހުނެވެ. ފަހުން އެނގުނު ގޮތުގައި އަރަބި ރެހެންދިކަމަނާ އާއުކު ލޯބިލޯބި އެދެޕަޕީ އެތެރެކުރީ ރައީސް އޮފީހުން ޚާއްސަ ހުއްދައެއް ވަކި ސަރައްދެއްގައި ގެންގުޅެވޭ ގޮތަށް ލިބިގެން ކަމަށްވެއެވެ.
އާދެ! ދެންދިމާވީ ދާއިމަށް ޒާތީވެ، ހަސަދައަށް ބަދަލުވެ އެކަން ދާއިމަށް އަނދައަނދާ ދެމިގެންގޮސް ފައިވާ ކަމެކެވެ. އެކަމަކީ، މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ޔާމީނާއި ކޮންޓްރޯލަރ އިލްޔާސް އާ ދެމެދު ދިމާވި ކަމެކެވެ. އެކަމުގެ ވިކްޓިމަކަށް ސިޔާސީ ގޮތުންވެފައި މިވަނީ ސީދާ އަޅުގަނޑެވެ. ސީދާކޮށް އަޅުގަނޑައި ޔާމީނު ގުޅުއްވާފައި ކުޑަކަމެއް ކޮށްލަ ދިނުމަށް އެދި ވަޑައިގަތެވެ. އަޅުގަނޑުގެ އާދައިގެ މަތީން އާދޭހޭ ދެންނެވީމެވެ! ވިދާޅުވީ، ކުއްޖަކު ފުރުވާލަން އެބަޖެހެ އެވެ. މިކަން ބަލާލަ ދެއްވާށެވެ. ފޯނުބޭއްވެވީ، ނޯޓަކާއެކު އެކުއްޖާ ފޮނުވާނަމޭ ވިދާޅުވެފައެވެ.
ދެތިންހަތަރު ދުވަސް ފަހުން އޮފީހުގައި އިންދާ ޒުވާން ކުއްޖަކު ސިޓީއުރައެއް ހިފައިގެން އައިސް ބައްދަލު ކޮށްފައި ޔާމީނު ފޮނުވީމައޭ މިއައީ ބުނެފިއެވެ. ދެން އަޅުގަނޑު އެސިޓީއުރަ ކަނޑައި ނޯޓު ބަލައިލި އިރު، އަމިއްލަ އަތްޕުޅުން ލިޔުއްވާފައި އޮތީވެސް، މިނޯޓު ހިފައިގެން މިދާ ކުއްޖާގެ ކަންތައްކޮށްލަ ދެއްވުން އެދިވަޑައި ގެންފައެވެ. ދެން ހުރީ އޭނާއާބެހޭ ބައެއް ލިޔުންތަކެވެ. އޭނާގެ ކަންތައް އައިޓީ ސެކްޝަނާ ގުޅައިގެން ހަމައެވަގުތު އަޅުގަނޑު ބެލިއިރު މިކުއްޖަކީ، ކޯޓު އަމުރަކުން ޕާސްޕޯޓު ހިފާއްޓަފައިވާ ކުއްޖެކެވެ. ނ. އަތޮޅު ކުއްޖެކެވެ.
އާދެ! ކުރިން މިކަންކަމަކީ، ކޮންޓްރޯލަރގެ މޭޒުމަތިން އަމިއްލަ އަތުން ސިސްޓަމަށް ވަދެކޮށް ލެވޭކަންކަމަށް ވާތީ، ބައެއް ސިޔާސީ ބާރުތަކަށް ހުރީ އެފަދަ ކަންކަން ކުރުވުން އާދައަކަށްވެ ހޭނިފައެވެ. އަޅުގަނޑަށް މިކަހަލަ ކަންކަން ކުރުމުގެ ޝައުގުވެރިކަން ނެތުމުން މޭޒުމަތީގައި ހުރި ކަމާބެހޭ ސިސްޓަމް ވެސް ވަނީ، އަޅުގަނޑުގެ ކޮޓަރިން ނެރެ ބޭރުކޮށް ލެވިފައެވެ. އަނެއްކާ މިކަލަކަންކަމާ އަޅުގަނޑު ނަފްރަތު ކުރާލެއް ބޮޑުކަމުން އިމިގްރޭޝަން ތެރެއިންވެސް ވެރިއަކަށް މިކަހަލަ ވާހަކައެއް ބުނާކަށް ނުކެރެއެވެ. އަޅުގަނޑުލައްވާ ގޯހެއްހަދައި ކަމެއް ރާވާލާކަށް ނުކެރެއެވެ.
އެކަމަކުވެސް، 2013 ވަނަ އަޅުގަނޑު ނިއުޒިލެންޑަށް ފުރުމަށް އެއާޕޯޓުން ނުފުރުމުން ހަމްދަރުދީގެ ހިތާމާގައި އަޅުގަނޑުގަށް ހަމްދަރުދީވާ ވަރަށް މަސައްކަތްތެރި އޮފިސަރަކު އަންގާލާފައި ފުރަންދިޔަ ނަމަ އިލްޔާސް ފުރުމާލުމަކީ، އެއްވެސް ކަމެއްނޫނޭ އެކަންކޮށް ދެވުނީހޭ ބުންޏެވެ. އަޅުގަނޑު ދަންނަވަން ޖެހުނީ، އެކަހަލަ ކަމެއް އޮތްތޯ އެއްވެސް އޮފިސަރަކާ ގުޅާނުލާ ފުރަންދިޔައީ ވެސް އެޒާތުގެކަމެއް ކުރާހިތް ނެތުމުންނޭ އެ އޮފިސަރަށް ދަންނަވާށެވެ. އަދި އެދުވަހު ކައުންޓަރުގައި އިނީވެސް އަޅުގަނޑުގެ ވަރަށްގާތް ކުއްޖެކެވެ. އޭނާހުއްޓުން އަރާފައި އިންނާތީ އަޅުގަނޑަށް ޖެހުނީ އަނެއްކާ ކޯޓުން ހުރަހެއް އޮތީތޯއޭ އަހާށެވެ. ވަރަށް ނުބުނަން ލަދުން އިނދެފައި އާދޭހޭ ބުނުމުން އެހެން މީހުންނަށް ވެސް ހަދާހެން އަޅުގަނޑުގެ ޕާސްޕޯޓު ބާއްވާފައި އަވަހަށް ޗިޓެއް ހަދާފައިދޭށޭ ބުނަން ޖެހުނީ އަޅުގަނޑަށެވެ.
ދެން އިމިގްރޭޝަން އެއަރޕޯޓް އޮފީސްތެރެއަށް ނުވަދެ އެތާބޭރުގައި އޮފިސަރުން ގެނެސްދިން ގޮނޑިއެއްގައި އިނގެދެން ގުޅަގުޅާވެސް ކޮޓުން އެއްވެސް މީހަކު ފުރުމުގެ އަމުރެއް ވަގުތުން އިމިގްރޭޝަނަށް ފޮނުވައިދޭން އެއްބަސް ނުވިއެވެ. ތަކުރާރުކޮށް ގެއަށް ނުގޮސް އެގޮނޑީގައި އިނދެގެން ފަސްހަފަހަރު ގިނައިން ކުރި މަސައްކަތުން، ސީދާގާޒީ (އަބްދުﷲ ގާޒީ) އާ ގުޅިއްޖެއެވެ. އެންމެފަހުން ހެޔޮހިތެއް ޖައްސަވައިގެން ފޯނުނަން ގަވައިފިއެވެ. ވަރަށް އުންމީދު އާވިއެވެ.
އެހެނަސް ވިދާޅުވީ، “އެއާޕޯޓުގައި ހުންނެވި ޚަބަރު އޮތީކޯޓުން ލިބިފައެވެ. މައްސަލައިގެ ބާވަތުން ފުރުވައި ދެވޭން ނެތެވެ.” އޭރު ބޯޓަށް އެންމެންއަރާ ނިމިއްޖެއެވެ. ދެން ޖެހުނީ ގެއަށް ގުޅާފަ މަންމަ ކައިރީގައި ކޯޓުން ހިފާއްޓާފާ އޮތީމަ ނުފުރުނޭ، ހަމަޖެހިލައިގެން މެންދުރު ފަހުން ގެއަށް މިއަންނީއޭ ބުނާށެވެ. އަދި އަންހެނުންނާއި ދަރީންނަށް ގުޅާފާ މިވާހަކަ ކިޔައިދޭށެވެ. މިހުރިހާ ކަމެއް ނިމުއިރު އިމިގްރޭޝަން އޮފިސަރުންގެ މަސައްކަތުން އަޅުގަނޑުގެ ފޮށިތަންމަތި ހުރީ ބޯޓުން ބާލައިގެން ގެނެސްދީ ފައެވެ. އެތާތިބި ހުރިހާ އޮފިސަރުންނާ ބަޣަލްގީރީ ސަލާމްކޮށްފައި ގެއަށް އައީއެވެ. ރަށުބަންދުގައި ހުރިކަން ފުރަތަމަ ފަހަރަށް އަޅުގަނޑަށް ރެއަކާލީ އެދުވަހުވެ. ﷲ އަށް ހަމްދާއި ޝުކުރު ދެންނެވީމެވެ! ﷲ އެކަން ރަހުމަތަކަށް ހެއްދެވުމަށް ދުއާކުރީމެވެ! ރައީސް ޔާމީނުގެ ރޭވުންތަކަށް ހަމަ ސާބަހޭ ހިތަށް އެރިއެވެ!
އާދެ! ކުރީގެ ވާހަކައަށް ދާނަމެވެ! އަޅުގަނޑު ކައިރިއަށް ނޯޓެއް ދެއްވާފައި ޔާމީނު ފޮނުއްވި ނ. އަތޮޅު ކުއްޖާ ގާތުގައި ބުނަން އަޅުގަނޑަށް މަޖުބޫރުވީ، އެކުއްޖާގާތު ގައި ތިޔަކަންތައް ކޮށް ދެވޭކަށް ނެތޭ ގޮސް އިލްޔާސް ބުނެފިއޭ ދަންނަވާށެވެ. އަދި ކޯޓު އަމުރެއް އިމިގްރޭޝަނަށް ލިބުމުން ހަމަ އެހިނދުން އެހިނދަށް ކިތަންމެ ދަންވަރަށް ވިޔަސް، އަދި ނުރަސްމީ ގަޑިއަކަށް ވިޔަސް ތިޔަކަން ކުރެވިދާނެއޭ އަހަރެއް ބުންޏޭ ހަދާންކޮށް ދަންނަވާލަ ދެއްވާށެވެ.
ފަހެ، އެއަށް ފަހުން އަދިއަދަށް ވެސް ޚަބަރެއް ބަސްފުޅެއް ހިލަމެއް ނުވެއެވެ. ދެން އަޅުގަނޑައި އެމަނިކުފާނައި ދިމާވީ، އަޅުގަނޑުގެ ދެވަނަ ސިޔާސީ ޕާޓީ ގައުމީ އިއްތިހާދުޕާޓީ އުވާލާފައި ޕީޕީއެންމްގެ ފޯމްގައި ސޮއިކޮށް އެފޯމު އަތްޕުޅަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ސަލާމްކުރި ވަގުތުއެވެ. އެމަންޒަރުގެ ފޮޓޯގައި އަޅުގަނޑު އެއްޗެއް ދަންނަވާތަން އެފޮޓޯއިން ފެންނާން ހުންނާނެއެވެ. އެފޮޓޯގަނޑު މީޑިއާގައި ދައުރުވާތަން އެދުވަސްކޮޅު ފެނުނެވެ. އެވަގުތު އަޅުގަނޑު އެދަންނަވާ އެއްޗަކީ، “ބަސްނާހާ ދަރިއެއްގެ ބަލަދު މަނިކުފާނަށް ތިޔަ އެރީއޭ، ބަލަހައްޓަވާނެ ކަމުގެ އުންމީދު ކުރަން” މިހެންނެވެ. ކުޑަގޮތަކަށް ހިނުތުން ވެލައްވައި ޝުކުރިއްޔާ އޭ ވިދާޅުވި އަޑު އިވުން، ފިޔަވައި އެހެން ބަސްފުޅެއް ނާދެއެވެ. ދެން ލިބުނީ އަޅުގަނޑު ވަޒީފާއިން ވަކިކުރި ރަސްމީ ސިޓީއެވެ. އަދިވެސް މިކަމުގެ ހުރަސްތައް ޕީއޭ ފިކުރުގެ ތެރެއިންލާފައި އަބަދުވެސް ފެންނަމުން ތަކުރާރުވަމުން އާދެއެވެ.
ދެން ވެސް ބައެއް ކުދިކުދި ކަންކަމައި ދިމާވެފައި އެބަހުއްޓެވެ. ބައެއް ކުދިކުދި ޖެޓުތަކުގައި ރާއްޖެއަށް އަންނަ ސިއްރު މީހުން ކޮންބައެއްކަން އަންގައިދޭ ލިޔުންނެތި އެތެރެކޮށް ދިނުމަށް އެދި މަތީފަޑީގައި ތިއްބަވާ ސިޔާސީ ވެރިންގެ ފަރާތުން އާދެއެވެ. އަޅުގަނޑު އަމަލު ކުރަމުން ގެންދިޔައީ އެމީހެއްގެ ރަށުގެ އެންބަސީން ނުވަތަ ރަށުގެ ފޮރިން މިނިސްޓްރީން ލިޔުމެއް މެއިލްކޮށް ނުވަތަ އެހެން ވަސީލަތަކުން އިމިގްރޭޝަނަށް އެފަދަލިޔުމެއް ލިބުނީމާ ނޫނީ ރާއްޖޭގެ ސަރަހައްދަށް އެތެރެވުމުގެ ހުއްދަ ނުދީ ޖެޓުގައި ބޭންދުމެވެ. ނޫނީ ފުރައިގެން ދާންވީއެވެ. މިކަމާ މަތީފަޑީގެ ސިޔާސީ ގިނަބަޔަކު އަޅުގަނޑުދެކެ ވަރަށްހިތްހަމަ ނުޖެހޭކަން އެނގިފައި ވެއެވެ. ރައީސް ނަޝީދު އަރިހަށް ޝަކުވާތައް ގެންދާކަން ވެސް އެނގުނެވެ. އެމްޑީޕީގެ ތެރެއިން ތަންކޮޅެއް ފަހުން އާންމުކޮށް ފެންނަން ފެށި، ކުރެފާ ނަސީމް އާއި ސްޕެޝަލް އެންވޮއި ޒަކީމެން، އަދި ޑޮކްޓަރ ޝަހީދު މެންފަދަ ސިޔާސީ ބޭފުޅުން އެވާހަކަތައް ރައީސް އޮފީސް ތެރޭގައި ދައްކަވާކަން އަޅުގަނޑަށް އޮތީ ބައެއް މީހުންގެ ފަރާތުން އިވިފައެވެ. އެހެނަސް މިއިން ބޭފުޅަކަށް ސީދާކޮށް އަޅުގަނޑާ ދިމާކުރާކަށް އެއްޗެއް ވިދާވާކަށް ނުކެރެއެވެ. ގުޅާލައްވާފަ އެކަން ނުވީމައި ޚަބަރެއް ނުވެއޮތީއެވެ.
މިބޭފުޅުންގެ އިތުރުން މިކަހަލަ ސިޔާސީ ކަންކަމާ ގުޅާ ހެއްދެވީ، ޗީފް މައުސުމް އާއި ކޮއްޓޭ ސައީދެވެ. މިއިން އެއްވެސް ބޭފުޅަކު ގުޅުއްވިޔަސް ލިޔުން ލިބުނީމާ ނޫނީ އެއިން ބިދޭސީމީހަކު ބޯޑަރުން އެތެރެނުކޮށް އަޅުގަނޑު ހިފޭއްޓީމެވެ. މިނިސްޓަރ ހަސަންކޮ ރައީސް އޮފީސް ތެރޭގައި މިކަން މާނަ ކޮށްދީފައި އޮތީ، ލިޔުމެއް ނެތަސް ކޮންޓްރޯލަރަށް އެފަދަ މީހުން ވެއްދުމުގެ ކުއްލިހުއްދަ ދެވިދާނެ ކަމަށެވެ. އެހެނަސް އަޅުގަނޑު ގަބޫލުކުރާ ކުއްލިހާލަތެއް އަޅުގަނޑު ނުވައްދައި ހިފޭއްޓި ނުވަތަ ފުރުވާލި މީހަކަށް ދިމައެއް ނުވެއެވެ.
ފަހެ، މިފަދަ ގޮންޖެހުންތަކައި އެކުވެސް އަޅުގަނޑުގެ ގޮތާއި ފޮތާއި އަޒުމުގައި ދެމިހުރީމެވެ. ގާނޫނުން ބޭރުކަމެއް ނުކުރަމެވެ. އެހެންވެ ނަތީޖާ ދައްކާފައި މިހިރީ ވަރަށް ހިތިކޮށެވެ. ޒަމާނަށް ފެތިގެން އާހޫން ކިޔަން އުޅެވުނު ނަމަ މަގާމުގައި ދެމި ހުރެވުނީހެވެ. އެފަސާދަ ތަކުގައި ބައިވެރިވެ ބައިއަޅުމުން އޭގެތެރޭގައި ދެމިހުރިނަމަ، މިހާރުގެ ކަޅުފައިސާ ދޮވުމުގެ ހީރޯއިންގެ ތެރެއިން އެކަކަށް އަޅުގަނޑު ވެސް ވީސްކަން ކަށަވަރެވެ. މިގޮތަށް ގޭގައި ތާށިވެފައި ސިޔާސީ ގޮތުން ކަތިލެވިގެން ހުންނާކަށް ނުޖެހުނީހެވެ. އެކަމަކުވެސް އަޅުގަނޑަކީ އަމިއްލަ ޒަމީރު، މުޖްރިމެއްގެ އަތްދަށަށް ދޫކޮށްލާނެ އިންސާނެއް ނޫނެވެ.
އަދިވެސް ގިނަގޮންޖެހުން ތަކައި އެހެން މުއައްސަސާ ތަކާ އެކުވެސް އިމިގްރޭޝަން ގާނޫނުގެ ދަށުން ކަންކަން ކުރަން ފެށުމުން، އެކިއެކި ކޫސަނި ކަންތަކައި ވެސް ކުރިމަތި ވިއެވެ. ލޭބަރ މިނިސްޓްރީ އޭރު ހިންގެވި އިސްފަރާތް ތަކާއި ކަސްޓަމްސް އޭރު ހިންގެވި އިސްފަރާތައި ޕްރިސަންސް އޭރު ހިންގެވި އިސްފަރާތާ އެކު ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވަމުން ދިޔައެވެ. ކަސްޓަމުން ބޭނުންވަނީ އިމިގްރޭޝަން އުވާލައި އެތާގެދަށަށް ގެއްދާށެވެ. އަދި އެތަނުން ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް އަމިއްލައަށް ގައިމު ކުރާށެވެ. އިމިގްރޭޝަނުން ބިމެއް ހޯދިއްޔާ އެތަނެއް ޕްރިސަންސަށް ނަގަން ޖެހެއެވެ. ހުޅުމާލޭން އިމިގްރޭޝަނަށް އަޅުގަނޑު ހުރެގެން ޑިޓެންޝަން ސެންޓަރު ގައިމުކުރުމަށް ހޯދިބިން މިހާރުވަނީ، އެސެންޓަރާ އެކު ޕްރިސަންސަށް ނަގައި ވެރިކޮށް ލާފައެވެ. އަޅުގަނޑު ހުރެގެން އެކަންއޮތީ ނުވެފައެވެ. އިމިގްރޭޝަން މިއޮންނަނީ މާދަށްކޮށް ލާފައެވެ. ތަންފީޒީ އެހެން އިދާރާތަކުން ބޭނުންވާ ކަންކަން އިދާރީގޮތުން ކުރުވަން އޮންނަތަނެއްގެ ގޮތުގައި ބާއްވާފަ އެވެ. ވަރުގަދަ ތަންފީޒީ އިދާރަކަށް އިމިގްރޭޝަން ހަދާކަށް ބޭނުމެއް ނުވެއެވެ.
އަޅުގަނޑު އައުމުގެ ކުރިން ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދާއި ޑިޓެއިންކޮށް ޖޫރިމަނާއަށް ދާންދެން ނަގާހެދީ ލޭބަރ މިނިސްޓްރީންނެވެ. އަޅުގަނޑަށް މިކަންވީ ވަރަށް ހެއްވާ ކަމަކަށެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން ނޫންގޮތަކަށް ވިސާދީ ވިސާފީނަގައި ޖޫރިމަނާ ކުރަމުން ދާތީއެވެ. އެބޭފުޅުން ބާލާ ރުޅިއަކީ މިއީއެވެ. އަޅުގަނޑު އިމިގްރޭޝަނަށް ގެންނަން ބޭނުންވެގެން ޕްލޭންކުރި ގިނަ އިސްލާހުތައް މިހާރުވަނީ، ޕްރިސަންސް ހިންގުމަށް ގެނެވިފައެވެ. އަދި އިމިގްރޭޝަނުން ކޮންޓްރޯލަރ ކުރަންޖެހޭ ގިނަކަންކަން ވަނީ އެހެން އިދާރާތަކަށް ބަދަލުކޮށް ފައެވެ. އިންސާނީ ވަގުފާރި ހުއްޓުވުމުގެ ކަންކަން ފަދަ ބައެއްކަންކަން، އެހެންފަރާތްތަކުން ކުރާކަންކަމުގެ ގޮތުގައި ވަނީ މުޅިންހެން ނަގާފައެވެ. ބަދަލުކޮށް ފައެވެ. ވަގުކަންކަން ކުރުވުމަށާއި އެކަން ހިންގުމަށް ފަސޭހައަށް ޓްރޭޑްގެ ދަށަށް އެކަންވެސް ގެންގޮސްފައެވެ. ފަހެ، މިފަދަ ކޯޅުންތައް ހަމަޖެހުމަކަށް ގެނައުމަށް، ގިނަ ބައްދަލުވުން ތަކެއް ބާއްވާއި ގިނަގުނަ މަޝްވަރާ ތަކެއްގައި އުޅެންޖެހި ކަންކަން ނުކުރެވި މަޑުޖެހެން އެރުން ކުޑަކޮށް ދިމާވަމުން ދިޔަކަން ފާހަގަ ކުރެވުނެވެ.
ފަހެ، މޯލްޑިވްސް އިމިގްރޭޝަން ރިފޯމްކޮށް މުސްތަގިއްލު ތަންފީޒީ އިދާރާއަކަށް ހެދުމަށާއި އިމިގްރޭޝަން ގާނޫނު އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭތޯ މިހުރިހާ ގޮންޖެހުން ތަކާ އެކުވެސް އަޅުގަނޑު ބެލީމެވެ. މިގޮތުގައި ދެމި ހުރުމަށް ކުރި މަސައްކަތް ފެއިލްކޮށްލީ ސިޔާސީ ގޮތުން ގިނަކަންކަން ސިޔާސީ ނުފޫޒުހުރި ބަޔަކު އިސްކޮށް ތިބެ ރާވާއި ހިންގައި ގެންނެވެ. އަޅުގަނޑުގެ ވާހަކަތައް އަދި އިންޓަރވިއޫތަކާއި ބަސްދީގަތުންތައް މީޑިޔާއިން ނުގެނެވޭ ގޮތަށް އޮތީ ބްލޮކް ކޮށް، ހުރަސްއަޅާފައެވެ. އެކުގައި ހެން އެމަގު ބަންދުކޮށްފައެވެ.
އެހެނަސް އެހެން ފަރާތްތަކުން ނުސީދާ މަގުން ޓީވީތަކަށް އަރުވައި ބައެއް ނޫސްވެރިންނަށް އުޖޫރަދީގެން ސިޔާސީ ލިޔުންތައް ލިޔުވައި ހެދިއެވެ. މިގޮތުން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ފެއިލްކޮށް ލުމަށް، އޭރުގެ އެމްޕީ ކާނަލް އަރުވައިގެން ވަރަށް ގިނަގުނަ އަސްލައި ދުރު ވާހަކަތައް ދެއްކުވިކަން ފާހަގަ ކުރެވިފައި ވެއެވެ. ފަހެ، ކާނަލްއަކީ، ކުލީ ޝަޚްސިއަތެއް ގޮތުގައި އަބަދުވެސް ހޮވިފައި ހުންނަ ބޭކަލެކެވެ. އަދި އޭސީސީގެ ރައީސަށާއި ނައިބަށް ގަދަ މިންވަރަކަށް ނުފޫޒު ފޯރުކޮށްގެން މަތީ ދަރަޖަ އަކަށް ސިޔާސީ ގޮތުން އަޅުގަނޑު ކަތިލާލުމުގެ މަސައްކަތް ރާވައިގެން ހިންގިއެވެ.
ފަހެ، އެ ދުވަސްވަރު އޭސީސީގެ އެންމެއިސް މި ދެވެރިން މީޑިޔާއަށް އަރާތިބެގެން ދެއްކި ވާހަކަތައް މީހަކު މިއަދު އަޑުއަހައިފި ނަމަ، އެއީ ސީދާ އިންސާނެއްގެ އިންސާނީ ކަރާމަތާއި އަބުރަށް އަރައިގަތުން ކަމަށް އަޑުއަހާ ފަރާތަކުން ގަބޫލު ކުރާނެއެވެ. އަދި ސިޔާސީ ގޮތުން ކުޅެމުން، ހިންގަމުން ދިޔަ ޖަރީމާއެއްކަން ސާފުވާނެއެވެ. އަދި ޔާމީނުގެ ދަގަނޑު އަންހެނާ “އާޒިމާ” އަށް މިކަމުގެ ލަފާހޯދުމުގެ ނަމުގައި ދައުލަތުގެ ބަޖެޓުންކުރި ޚަރަދުތައް މިއަދުވެސް ބަޔަކު ބަލައިފި ނަމަ ހޯދޭނެއެވެ. އެއީ ޖީއެމްއާރު ކޭސް އާއި ނެކްސްބިސް ކޭސް އިން ނާޒާއިޒު ފައިދާތަކެއް ދެފަރާތުން ވެސް ނެގުމަށް އަޒުމެއް ގެންގުޅުނު ފިސާރި ހަކަތަ އަންހެނެކެވެ. ހަމަ އަޔަންލޭޑީ އެކެވެ. ސިންގަޕޫރުގައި ހިނގަމުންދިޔަ، އަދި މިހާރު ވެސް ހިނގަމުންދާ އާބިޓްރޭޝަން ތެރެއަށް ދަނގަޑު ދިގުއަތް ބޭނިއެވެ. ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި ހައްލެއް ގެންނާނެ ވާހަކަ ބުނަނީ އެ ބޭނުމުގައެވެ. މިހާރުގެ ރައީސް ޔާމީނުގެ ސަރުކާރު ތެރެއަށް ދަގަނޑުއަތް ގެންދަން ޖެހުނީ ވެސް އެފަދަ އުކުޅުތަކެއްގެ ތަސްވީރެއް ދައްކައި ގެންނެވެ. ރައީސް ވަހީދު ހެއްދެވި ރިޕޯޓުތަކެއް މަސްއޫދެގެ އަތުން މަކަރުން ދަމައިގަނެ ގެންނެވެ. ފަހެ، އެދަގަނޑު އަތަކީ ރައީސް ވަހީދުގެ ސަރުކާރު ތެރޭގައި ވެސް ގަދަހަދާލާފައި ހެސްކިޔާފަ އަނބުރާލި ފިސާރި އަތެކެވެ.
ފަހެ، އަޖައިބުން އަޖައިބަކީ ހުރިހާ ކަމެއް ސެޓްވެފައި ހުންނަން ޖެހެނީ، ކޮރަޕްޝަނާއި ފަސާދަ ފެތުރިގެންދާ ގޮތަށެވެ. އެންމެފަހުން އަޅުގަނޑު ފެއްޓި ހުރިހާ މަސައްކަތެއް ހުއްޓާލީ، އަޅުގަނޑު އިމިގްރޭޝަނުން ބޭރުކޮށް ފައެވެ. އަޅުގަނޑު އެއިދާރާއިން ބޭރުނުކޮށްފި ނަމަ، ރައީސް ވަހީދުގެ މައްޗަށް މަޖިލީހުން އިތުބާރު ނެއްކަމުގެ ވޯޓެއްނަގާނެ ކަމުގެ ބިރުވެސް ދެއްކިކަމަށް ވެއެވެ.
ފަހެ، އެޗެޕްޓަރު ނިންމާލީ އެ އިދާރާއިން އަޅުގަނޑު ބޭރުކޮށް މުޅިން ނިންމާ ލާފައެވެ. ޑާރޓީ މުޑުދާރު މުޖްރިމުންގެ ރާޒުވާ ކުޅިތައްރާވައި ނުފޫޒުގަދަ ފަރާތްތަކުގެ ބާރުގައި ސިޔާސީ ގޮތުން ކުޅުނީމައި ދުނިޔޭގައި ކާމިޔާބު ހޯދެއެވެ. އެހެނަސް އޭގައި ރޫހާނިއްޔަތެއް ނުވާނެއެވެ.
ރައީސް ޔާމީނަށް ބައްލަވާށެވެ. އިދިކޮޅުގައި ތިބެގެން، އިދިކޮޅު މީހުން މީގެ ވިހި އަހަރު ކުރިން ރައީސް ޔާމީނާ ދިމާއަށް މިހާރު މިކިޔާ ހުރިހާ އެއްޗެއް ގޮވަމުން ދިޔަ އިރުވެސް އޭނާގެ ރޭވުންތައް ހުއްޓުމަކަށް ނައިސް ކުރިޔަށްދާތަން ފެނުނެވެ. އަދި ވެސް މިފެންނަނީ ކުރިޔަށް ދާތަނެވެ. އޭރު އަޅުގަނޑުމެން ނުކިޔާ އެއްޗެއް މިހާރަކު ވަކިން އަލަކަށް ނުކިޔައެވެ. ދަނީ ހަމަ ކުރިޔަށެވެ! ބާރަށް ކުރިޔަށެވެ! މިއީ ފަހެ އަޖައިބެއް ނޫންތޯއެވެ!!
އާދެ! އަޅުގަނޑު ދެވަނަ ފަހަރަށް އިމިގްރޭޝަނަށް ވެއްދީމައި ފުރަތަމަ ދުވަހުން ފެށިގެން، އެއީ ނުބައިމަގުން ރައީސް ވަހީދު އެޅުއްވި ފިޔަވަޅެއް ކަމުގައި ރައީސް ޔާމީނު ވިދާޅުވެ، ރައީސް ވަހީދަށް އެކަން އެންގެވި އެވެ. އަދި އެހެނިހެން ގޮތްގޮތުން ވެސް އެނުރުހުން އެކިތަންތާގައި ފާޅުކުރައްވާފައި ވެއެވެ. އެހިސާބުން އިމިގްރޭޝަނުން އަޅުގަނޑު ނެރުމަށް، ރައީސް ވަހީދަށް އެކިގޮތްގޮތުން ގެންދިޔައީ ސިޔާސީ ޕްރެޝަރު ދެމުންއެވެ. ދަގަނޑުއަތް ކަހަލަ ހަކަތަވަޒީރުން ކޫސަނިކަން ދައްކާއި ބޮޑާހޭކުމަށް ފަހު، ސިންގަޕޫރަށް ގޮސް އެންބުރި ނައިސްހުރެ، އިމިގްރޭޝަނުން އިލްޔާސް ބަދަލު ނުކޮށްފިއްޔާ އިސްތިއުފާދޭން ބުނެ، އެހިސާބަށް ސިޔާސީގޮތުން މިކަންތައްގަނޑު ދުއްވާލި އެވެ. ހޯމް މިނސްޓަރ ޖަމީލް ލައްވައި ސިޔާސީ ބަޔަކު އެވަރު އަރުވާލިއެވެ. އެންމެފަހުން އަޅުގަނޑު ކޮންޓްރޯލަރ ކަމުން ދުރުކޮށް އަޅުގަނޑުގެ ނުގަބޫލުގައި ރައީސް ވަހީދު ލައްވައި މިނިސްޓްރީ އޮފް ޑިފެންސުގެ ސްޓޭޓް މިނިސްޓަރަށް ބަދަލު ކުރެއްވީ އެވެ. މިހުރީ ހަގީގީ އަސަރުތަކެއް ހުރި ހިތުގެ އެންމެއަޑީގެ ވާހަކަ ތަކެވެ! ކިޔާލައްވާށެވެ!
އާދެ! މިވާހަކަ ތަކަކީ، ޒުވާން ދިވެހީންނަށް އަޑިއާއެކު، އެނގެން ޖެހޭ ވާހަކަ ތަކެވެ. ފަހެ، މިހުރިހާ ކަމެއްގެ ނަތީޖާ އަކަށްވީ މިހާރު އަނެއްކާ ވެސް މި ފެންނަމުންދާ މަންޒަރުތައް މޯލްޑިވްސް އިމިގްރޭޝަން ތެރެއިން ފެންނާން ފެށުމެވެ. ރޯމާދުވާލު މެންދުރު ލަންޗުބްރޭކް ގަޑީގައި ވެސް ކައުންޓަރު ތަކުގައި ޖަމާވެފައި ހުންނަ ފައިސާކޮޅު ޖަހައިގަނެވޭ ގޮތަށް މުޅި ސިސްޓަމް އިއާދަ ވުމެވެ. ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވުޖޫދުކޮށް މިކަންކަން އިސްލާހު ކުރިޔަ ނުދިނީ މިފަދަ ފައިދާތައް ނެގޭގޮތަށް އިމިގްރޭޝަން ބޭއްވުމަށް ސިޔާސީ ބޮޑުންގެ ބަޔަކު ބޭނުން ވާތީއެވެ. މިހާރު ފެންނަމުން އެދަނީ، އެންމެ ކުރީ ޒަމާނުއްސުރެ ބިދޭސީންގެ ކަންކަން އޮތްގޮތަށް ހަމަޖެހި ދެމިގެންދާ ގޮތަށް ހުޅުވާ ލެވިފައިވާ މަންޒަރެވެ. އޭސީސީގެ ޝިކާރައަކަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އަޅުގަނޑު ހަދައި ސިޔާސީ ގޮތުން ކަތިލާލި ގޮތަކީ، އަދި ކަތިލުމުގެ ބޭނުމަކީ، މިއީއެވެ. އަދި އެސިޔާސީ ކަތިލުމުގެ ފައިދާ އަކީ ވެސް މީއެވެ. ނަތީޖާ އެއޮތީ ރީތިކޮށް ފެންނާށެވެ! ހިތާމަ ހުއްޓެވެ!!
ފަހެ، އަޅުގަނޑުގެ ފަރާތުން ހިންގާފައިވާ ބައެއް އިދާރީ ކުދިކުދި ކަންކަން ނަގައި ބޮޑުކޮށްގެން، އަސްލެއް ނެތް، ފެބްރިކޭޓަޑް ކޭހެއް ޖެނެރޭޓުކޮށް ދައުވާކޮށް ސިޔާސީ މަސްރަހުން އަޅުގަނޑު ދުރުކޮށް ކަތިލީ، އަޅުގަނޑުގެ ބޮލުގައި ދޮގުތުހުމަތު ތަކެއް އަޅުވައި ޝަރުއީ ދައުވާއެއް ކޮށް ގެންނެވެ.
އަދި ރާއްޖެއިން ފުރުން ކޯޓު މެދުވެރިކޮށް ހިފާއްޓާއި ރަށު ބަންދުވެފައި ހުންނަން މަޖްބޫރު ކުރުވީ ހީލަތުންނެވެ. އެއްވެސް އަސްލެއް ނެތިއެވެ. އެހެނަސް އަދި ވެސް، ﷲގެ އިރާދަފުޅުން އަޅުގަނޑުގެ ދިރިއުޅުން ފޫބެދި އަމިއްލަ ޒަމީރުގެ ޚިޔާލުތަކާއި ފިކުރުތައް މިގެންދަނީ ހައްދެއްނެރި ފާޅުކުރަމުން ނެވެ.
އަނބިދަރީން ރާއްޖެއިން ބޭރުގައި އުފަލުގައި ޒިންދަގީ ހޭދަކުރަމުން އެބަ ގެއްދެއެވެ. މިހާރު ލޮބުވެތި ދެދަރީންނަށް އަމިއްލައަށް އުޅެވޭވަރު ވެއްޖެއެވެ. ﷲގެ ރަހްމަތު ފުޅާވެފައި ބޮޑެވެ! ދީލަތިއެވެ! ތަނަވަހެވެ! ނިޔަތް ރަނގަޅު އިޚްލާސް ތެރީންނަށް އޮތްމަގަކީ އެއީކަން، ހިތުގެ އަޑީން އަބަދުވެސް ގަބޫލުކުރަމެވެ. އިންސާފު ދިނުމަކީ ރައްޔިތުންގެ ހައްގަކަށް ވާތީ، ގިނަ ރައްޔިތުންގެ ފަރާތުން އެކަން އަޅުގަނޑަށް ހެސްކިޔާފަ ލިބެއެވެ. އެހިނިތުންވުން ގިނައިން ލިބެއެވެ. އެލޯތްބާއި ކުލުނު ލިބެއެވެ. އަބަދުވެސް އޮހެމުން ދެއެވެ. އެ އުފާތަކުން އަބަދުވެސް ހިތަށް ފިނިކަން ލިބެއެވެ. ރޫހަށް ކާނާ ލިބެއެވެ. ހަށިގަނޑަށް ހަކަތަ ލިބެއެވެ. ދުނިޔޭގެ އުފަލަކީ އެއީނޫން ތޯއެވެ. އާޚިރަތުގެ މަޣްފިރަތަކީ އެއީނޫން ތޯއެވެ. ދާއިމީ ސުވަރުގެއަކީ އެއީނޫން ތޯއެވެ. އަލްޙަމްދުލިއްލާހި!
ސ، ހަތަރެއް: ރާއްޖޭގެ އާދަކާދައިގެ، މަތިން ގަބޫލުކުރެވޭ ހަމައަކަށް ވެފައި އޮންނަނީ، ސްޓޭޓް މިނިސްޓަރުން ނަކީ، ވަކިހަނި އޭރިއާއަކަށް މަސްއޫލިއްޔަތު ހަނިވެފައި އޮންނަ މަގާމެއްގެ ގޮތުގައެވެ. އެހެނަސް އެމަގާމަކީ، ދައުލަތުގެ ފަރާތުން ކަނޑައަޅާ މިނިސްޓްރީއެއް ރައްޔިތުންނަށް އެންމެފައިދާ ބޮޑުގޮތުގައި އެންމެ ފުރިހަމައަށް ހިންގުމުގައި ޒިންމާ އުފުލަންޖެހޭ ދެވަނަ މަގާމެވެ. ވީމާ ކުރީގެ ސްޓޭޓް މިނިސްޓަރެއްގެ ތަޖްރިބާގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި އިލްޔާސްގެ މަސްއޫލިއްޔަތު ތަކަކީ، ކޮބައިތޯއެވެ؟
ޖ، ހަތަރެއް: ޒަމާނުއްސުރެ ރާއްޖޭގައި ސިޔާސީ ކަންކަމުގައި ބޭނުންކޮށް ގެންގުޅުމަށް މުޖްތަމައު ތެރެއިން ހޮވާލެވިފައި ތިބޭ ވަކި އަމިއްލަ ހުނަރު ތަކެއްގެ އަހްލުވެރި ބަޔަކު، ދައުލަތުން ފައިސާ ދީގެން، ސަރުކާރުގެ ބޮޑުންގެ އަރިހުގައި ގެންގުޅެވޭނެ ގޮތަށް، ސިޔާސީ ވެރިން މަގެއް ހޯދާއި އީޖާދުކޮށްފައި އޮވެއެވެ. އެއީ އަމިއްލައަށް ރަށުތެރޭގައި ކޮށްލުމަށް ބޭނުންވާ، ނުސީދާ ކަންކަމާއި ސީދާ ކަންކަމަށް މަގުފަހިކޮށް، ސިޔާސީ ހައްލެއް ހޯދުމުގެ މަގު ފަހިކުރުމުގެ މަސައްކަތުގައި އުޅުދޭނެ ސަރުކާރު ތެރޭގައި ހިމާޔަތްދީގެން ސިއްރުން އޮޅުވާލައިގެން ގެންގުޅޭ ބައިގަނޑެއްގެ ގޮތުގައި ގެންގުޅޭ ޖަމާއަތެކެވެ. އެފަދަ ފަރާތްތަކަށް އާމްދަނީ ހަމަޖެއްސުމަށް ދެވޭ އުޖޫރައެއްގެ ގޮތުގައި ބާއްވާ ނުވަތަ ގެންގުޅޭ ހަމައެކެވެ. ނުވަތަ ދައުލަތުގެ މަގާމެކެވެ. މިކަން ޒަމާނީ ވެގެންގޮސް މިހާރުވަނީ، ދައުލަތުގެ ސަލާމަތީ މުއައްސަސާތައް ކަމުގައިވާ ޑިފެންސް ފޯސް އާއި ފުލުހުންގެ އިދާރާގެ ސްޕެޝަލް ފޯސް ތެރޭގައި މީގެ ކުދިކުދި ޖަމާއަތްތައް ތަރައްގީކޮށް ފުރިހަމަ ޓްރޭނިން ދީފައެވެ. ދުނިޔޭގައި މިކަން އެންމެ ކުރީކޮޅު ހިންގީ އިސްރާއީލީ ދައުލަތެއް ޝާމްކަރާގެ ލިވާންޓްގައި، ގައިމުކުރުމަށް ހިންގުނު ގޮތްކުޑަ އަޑިނޭނގޭ ސިއްރު ހަރަކާތްތަކުގެ ތެރޭގައެވެ.
ފަހެ، މިއީ އަމިއްލަޖީބުން ޚަރަދެއް ނުގޮސް ދައުލަތުގެ ފައިސާއިން ހިންގާ ޖަރީމާއެއްގެ ގޮތުގައި ކުރާކަމެކެވެ. މިއީ ބަރާބަރަށް ދައުލަތުން ޚަރަދުކުރާ، އަދި ދައުލަތުގެ ބަޖެޓުން ސިޔާސީ ބާރެއްގެ ނުފޫޒު ފަތުރަން ނުވަތަ ސިޔާސީ ފިކުރެއްގެ ނުފޫޒު ދަމަހައްޓަން ބިނާ ކުރެވިފައިވާ ސްޓޭޓް ސްޕޮންސާޑް އަދި ފަންޑަޑް ޖަރީމާތައް ރާވައިގެން ހިންގާ މީހުންނެވެ. ދައުލަތުގެ ފައިސާއިން މުސާރައެއްގެ ގޮތުގައި ނަގުދުފައިސާ ސިވިލް ސާވަންޓުންނެކޭ އެއްގޮތަށް ދެވޭބައެކެވެ. ފަހެ، މީގެ ނަންހުރި ގްރޫޕެއް، 1989 ގެ ފަހުކޮޅައި، އަދި 1990 ވަނަ އަހަރުގެ ފަހު މަސްތަކާ ހަމައަށް، “ބިންބިފޯސް” ގެ ނަމުން މަޝްހޫރުވެ ރަށުތެރޭގައި އަމަލީގޮތުން “ސިއްރުބާރެއް” ގެ ގޮތުގައި ސިޔާސީ ކަންކަމުގައި ހަރަކާތްތެރި ކުރުވާފައި ވެއެވެ.
އާދެ! އެންމެ ގަދީމީ ދުވަސްވަރުން ސުރެ ބަންޑާރަ ފައިސާ މިފަންތީގައި ގެންގުޅޭ ވަކި ޚާއްސަ ބަޔަކަށް ނުވަތަ ޖަމާއަތަކަށް އެކިއެކި ރީތި ނަންނަމުގައިދީ ހަދާފައި ވެއެވެ. އެކަމަށް ސަރުކާރު ތެރޭގެ މަގާމެއް ބޭނުންކޮށްގެން މުސާރައިގެ ނަމުގައި ފައިސާ ހޭދަކޮށް ހަދާފައި ވެއެވެ. ރާވައިގެން އެމީހުންލައްވައި ޖަރީމާތައް ހިންގުވާ ހަދައެވެ. މިޖަމާއަތަށް ދެވެމުންދިޔަ އެކިނަންތައް އިވެމުން މަޝްހޫރު ވަމުން ދިވެހ މުޖްތަމައުގައި އައިސްފައި އޮންނަނީ އަވަށު ބޮޑުން، އަވަށު ބޭކަލުން، ކަލޭފާނުން، ކަނބުލޭގެއިން، ޚާއްސަ އެހީތެރިން، ސްޕްޝަލް ޑިއުޓީ އޮފިސަރުން، ރާއްޖެތެރޭގެ ޚާއްސަ އެހީތެރިން، ކޯޑިނޭޓަރުންގެ އެކި ފެންވަރުތައް މިގޮތަށް މިފަދަރީތި ޗާލާކީ ނަންނަމުގަ އެވެ.
އަދި މިހާރަކަށް އައިސް ސްޓޭޓް މިނިސްޓަރުންގެ މަގާމަކީ ވެސް، ސިޔާސީގޮތުން އެކި މަގްސަދުތައް ހާސިލުކުރުވުމަށް ބޭނުން ހިފުމަށް ގެންގުޅެމުންދާ ވަފާތެރިކަމުން ބަލަދުއަރާ ފައިވާ މީހުން ތަކަކަށް ދެވޭ މަގާމަކަށް ވަނީ އާންމުވެފައެވެ. އެމީހުންނަށް އާމްދަނީ ހޯދޭނެ މަގެއް ފަހިކޮށް ދިނުމަށް، ވެރިމީހާގެ ފަރާތުން ދައުލަތުގެ ބަޖެޓު ތެރެއިން ޚަރަދުކޮށްގެން ގެންގުޅޭ މަގާމަކަށް އެކަންވަނީ، ފާޑަކަށް ބަދަލުކޮށް ލާފައެވެ. އެއްގޮތަކަށް ވެސް މިއީ ރައްޔިތުންގެ ވެރިކަމެއްގައި އަދި ޒަމާނީ، ތަހުޒީބީ ޑިމޮކްރަސީއެއް ގައި ހުއްދަ އޮވެގެންވާނެ ހަމައެއް ނޫނެވެ. ގާނުންނާއި ޝަރުއުގައި މުޅިން މަނާކަމެކެވެ. އަދި މުޖްތަމައުގެ ވަކި ގްރޫޕަކަށް ޖަމާއަތަކަށް ވަކި ބާރެއް ލިބިގެން ހަރަކާތްތެރިވެ އުޅެވިގެން ނުވާނެއެވެ. އެއީ ފަސާދަ ހިންގުމެވެ.
ފަހެ، މިފަދަ ގްރޫޕްތައް ލީޑްކޮށްހަދާ ނުލަފާ ކަންތައްރާވާއި ހިންގައިދީ ހަދާމީހުން، ދައުލަތުގެ ދަށަށް ގެނެސް ރައްޔިތުންގެ ޓެކްސްފައިސާ އިން ބެލެހެއްޓުމަކީ، ދައުލަތަށް ޚިދުމަތް ދިނުމެއް ނޫނެވެ. ރައްޔިތުންނަށް ޚިޔާނަތްތެރިވެ، ރައްޔިތުންގެ ބާރާއި މުޅިދައުލަތް ފުނޑާލުމެވެ. ޑިކްޓޭޓަރެއްގެ ދަށަށް، ގަދަބާރުން ދައުލަތް ވައްޓާލުމެވެ. ހަގީގަތުގައި ސަމާވީ ޝަރީއަތް ތަކުގައި އަދި ޒަމާނީ ތަހްޒީބީ ޑިމޮކްރަސީގައި މިއީ އެއްވެސް ހާލެއްގައި ވެރިމީހާއަށް ދެވިފައިވާ ޖާގައެއް ނޫނެވެ. އަދި ބާރެއްނޫނެވެ. ވެރިކަމަށް އަންނަ މީހާގެ އަމިއްލަ ދިފާއުގައި މިއިންކަމެއް އިންތިޒާމުކުރާ މީހަކު ވެރިކަމުން ދުރުކަމަކީ، ރައްޔިތުންނަށް ލާޒިމްކޮށްފައިވާ އަސާސީ މަބްދައު އެކެވެ. ރައްޔިތުން އަމަލުކުރަން ޖެހޭނެ އުސޫލެކެވެ.
އާދެ! ހަގީގަތަކީ ސަރުކާރުން ރައްޔިތުންގެ ފައިދާއަށް ރައްކާތެރިކަމާއި މުޖްތަމައުގެ ސަލާމަތް ތެރިކަން ދަމަހައްޓަން ތިބޭ ވަޒީރުން ހިންގަވާ ހުރިހާ ކަމެއްގައި ވަޒީރަށް އެހީތެރިވާން ނޫންގޮތަކަށް ސްޓޭޓް މިނިސްޓަރުގެ ވަޒީފާބާއްވައި އަދި ދައުލަތުގެ އެންމެފައިސާ ފޮއްޗެއް ވެސް، ސަރުކާރުން ހައްގުމަގުން ނޫންގޮތަކަށް ޚަރަދުކުރިޔަ ދީގެން ނުވާނެއެވެ. މިކަން ހުއްޓުވެން ޖެހޭނެއެވެ. ރައްޔިތުން ތެރޭގައި ފާރަވެރިން ތިބެންޖެހޭނެ އެވެ. ސަރުކާރު ތެރޭގައި އެފަދަ ބާރުތައް ގެންގުޅޭ ފަރާތްތައް ހޯދާއި ފަލީހަތް ކުރުމަކީ ރައްޔިތުން ކުރަންޖެހޭނެ ކަމެކެވެ. އަދި ނޫސްވެރިން ތަހުގީގީ ރިޕޯޓުތައް އަބަދުހެން އާންމުކުރަން ޖެހޭނެ އިޝޫއެކެވެ. އެއްގޮތަކަށް ވެސް މަޑުން ތިބުމަކީ، މުސްތަބިއްދު ވެރިންނަށް ޖާގަދީ ފުރުސަތު ދިނުން ނޫންކަމަށް ނުވާނެއެވެ.
އާދެ! މިޒާތުގެ ސިޔާސީ މީހުންނަކީ، މިހާރު މިއޮންނަގޮތުން އޮފީހަށް ހާޒިރު ނުވިޔަސް ހާޒިރީއެއް ފޮތެއް ދުވަހަކު ލޮލަށް ނުފެނުނަސް މަސްނިމުމުން ބަރާބަރަށް އަމިއްލަ އެކައުންޓަށް ފުލްމުސާރަ ޖަމާވާގޮތަށް ހަމަޖެހިފައި އޮންނަ މީހުންނެވެ. ފަހެ، މިޖަރީމާ އަކީ، ސްޓޭޓް ސްޕޮންސާޑް ޓެރަރިޒަމްގެ ބާރެއްކަން ކަށަވަރެވެ. ރައްޔިތުން ނުކުމެ ނައްތާލަން ޖެހޭ ވަބާއެކެވެ. މިހާރުވެސް ސަރުކާރުގެ މިނިސްޓްރީ ތަކުގެތެރެއިން އެމަންޒަރު ފެނިގެން، ތަކުރާރު ވަމުން ދާލެއް މަދެއްނޫނެވެ. ފާހަގަކޮށް ގުނާލެވޭ ވަރަށް ގިނައިން މީގެމީހުން ތިބެއެވެ. މިހާރަކަށް އައިސް ސިފައިންނާއި ފުލުހުންގެ ތެރެއިން ވެސް މިގިންތީގެ ކޮންމެވެސް އަދަދެއް އާންމު މީހާއަށް ވެސް ގުނާލެވޭނެ އެވެ. ގައުމު މިދަރަޖައަށް ވެއްޓުމަކީ ފަހެ، ގައުމުނެތި ދިއުމެވެ.
އާދެ! 2008 ގައި އުވާލެވުނު މިނިސްޓްރީ އޮފް އެޓޮލްސް އަކީ، އެކަމުގެ ލާމަސީލު ތަނެކެވެ. މިހާރުވެސް ދައުލަތުގެ ބައެއް މިނިސްޓްރީ ތަކުގައި އެފެންވަރުގެ މަގާމުތަކާ މެދު ދިރާސާއެއް ހަދައިފިނަމަ، ޒިންމާދާރުކޮށް ޒިންމާތަކައި ހަވާލުވެގެން ތިއްބަވާ ސްޓޭޓް މިނިސްޓަރުން ފެނިގެންދާނީ މިނިސްޓްރީ އަކުން އެންމެ ދެތިން ބޭފުޅެކެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ؟ ސަރުކާރުގެ މުސްތަގިއްލު މުއައްސަސާ ތަކާއި ޖުޑީޝަރީއާއި މަޖިލިސް މިވަނީ، އިންތިހާއަށް ފަސާދަކޮށް ވެރިމީހާގެ މުށުތެރެއަށް ލާފައެވެ. ރަހީނުކޮށް ފައެވެ. މިނިސްޓްރީ ތަކުގައި އެކަށީގެން ނުވާވަރަށް ދައުލަތުގެ ވަޒީރުން (ސްޓޭޓް މިނިސްޓަރުން) ނައިބު ވަޒީރުން ތައް ގިނައެވެ. ރަސްމީކަމެއް ނެތަސް ބަރާބަރަށް މުސާރައިގެ ބޭނުން އެހުރިހާ ފަރާތަކުން ހިފައެވެ. އެފައިސާ ބޭނުން ކުރެއެވެ.
ފަހެ، ނަސީބަކުން ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި އަޅުގަނޑަށް އުޅެވުނު ހުރިހާ އިދާރާތަކަށް ބަލާއިރު އަޅުގަނޑުގެ މަގާމުގެ މަސްއޫލިއްޔަތު ތަކަށް ނަޒަރު ކުރާއިރު ބޭކާރުކޮށް ހުންނަން ޖެހިފައެއް ނުވެއެވެ. އުޅެންޖެހުނީ ވަރަށް ޒިންމާދާރު ކޮށެވެ. ނުކުރެވޭ ވަރަށް ރައްޔިތުންނަށް ޚިދުމަތް ދިނުމުގެ ޖާގަ ހުޅުވިފައި އޮތެވެ. އަޅުގަނޑަށް އޮންނަނީ، ނުކުރެވިފަ އެވެ. ކުރާނެ ކަންކަން ގިނަވެފައެވެ. މުޅިން ވެސް އަޅުގަނޑައި ހަވާލުކުރީ، ތަންފީޒީ އިދާރާތަކަށް ވީމާ ދިމާވިގޮތެވެ. މުސާރަ ނަގަނަގާ ހުންނަގޮތަށް އެއްވެސް މިނިސްޓަރީ އެއްގައި އެއްވެސް އިރެއްގައި ބޭކާރުވެފައި ސިޔާސީ ބޮޑުންގެ ބޫޓުގައި ދޫލާއި އޮފުކޮށް ދޭން އުޅޭކަށް ނުޖެހެވެ.
މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުގައި ހުރިއިރު، ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ހިންގަން އެންމެ އިސްކޮށް ހުރީ އަޅުގަނޑެވެ. ޚާއްސަ ގާނޫނަކުން ފުރިހަމަ ބާރުތައް ލިބިދީފައި އޮތެވެ. މާގިނަގިނައިން އަރިހަށް ގޮސް ދަންނަވައިގެން ހުއްދަ ހޯދަހޯދާ ލަސްވެލަސްވެ ކަންކަން ނުކުރެވި މަޑުޖެހިފައި ހުންނާކަށް ނުޖެހެއެވެ.
މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރމަންޓުގެ ސްޓޭޓް މިނިސްޓަރަކަށް ހުރިއިރު ހުންނަންޖެހުނީ، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ހިންގުމަށް އެއިދާރާގެ ޗީފް ކޯޑިނޭޓަރުގެ މަގާމުގައެވެ. އެއްމެ އިސްކޮށް ޒިންމާދާރުކޮށް އެއިދާރާ ހިންގާށެވެ. އެއީވެސް ކުރެވޭނެ ކަންތައް ބައިވަރު ހުރި، އަދި ކުރަން ހުރި ބައިވަރު ކަންތަކަށް ދޮރުހުޅުވިފައި އޮތް އިދާރާއެކެވެ. އަދި އިންތިހާއަށް ގިނަކޮށް ބޭރުދަތުރުތައް އޮހެމުން އަންނަ ތަނެކެވެ. ސެމިނާތަކާއި ކޮންފަރެންސް ތަކުގައި ބައިވެރިވުމަށް ދިއުމަށް އެދިއެވެ. އަޅުގަނޑު އެންމެ އިސްކަމެއް ދިނީ، އެއިދާރާ މުސްތަގިއްލު ކުރުމަށް ޑްރާފްޓް ފަށާފައި އޮތް ގާނޫނު ފުރިހަމަކޮށް ނިންމާ ލުމަށެވެ. ތައިލޭންޑް އާއި މެލޭޝިޔާ އާއި ކޮރެޔާ ފަދަ ގައުމުތަކަށް ބޭރުދަތުރު ތަކުގައި ދާންޖެހުނެވެ. އެހެނަސް އެދަތުރު ތަކުގައި ދަމުން، ޑިޒާސްޓަރ ގާނޫނު ވަރަށް އަވަހަށް ފުރިހަމަކޮށް ބަންޑާރަ ނައިބު އޮފީހަށް ލަފައަކަށް އެދި ފޮނުވާލީމެވެ. އެހެނަސް މިއޮފީހަކީ ވެސް ބޮޑެތި އަދަދުގެ ފައިސާ ނެގުމަށް ކޮރަޕްޝަނާއި ފަސާދަ މަތީދަރަޖައަކަށް ހިންގާފައިވާ އޮފީހެކެވެ. ބޮޑުއަދަދެއް ބޭރުވަނިކޮށް އަޅުގަނޑަށް މުވައްޒަފަކު ދިން މައުލޫމާތުން އެނގިގެން އަވަހަށް، އޭސީސީއަށް އެމުވައްޒަފު ލައްވާ ލިޔުވާއި އެންގީއެވެ. އެހެނަސް އޭސީސީން އުޅުނީ އަޅުގަނޑު ތާށިކުރާށެވެ. އަޅުގަނޑު އޭސީސީއަށް ދިން ބަޔާނުން އެކަން އެނގެންއޮތީމައި، ޕީޖީ މުއިޒު އެމައްސަލަ ޝަރީއަތަށް ނުފޮނުއްވައި އަނބުރާ އޭސީސީއަށް ފޮނުވާލެއްވީއެވެ.
އާދެ! ދެން އަޅުގަނޑައި އެފެންވަރުގެ ވަޒީފާއަކައި ހަވާލުވީ ތިޔަ ވިދާޅުވިހެން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގަ އެވެ. އެތާގައިވީ ހައެއްކަ މަސް ދުވަސް ވަރެވެ. އަޅުގަނޑައި ހަވާލު ކުރެއްވީ އަލަށް އެމިނިސްޓްރީގައި ތައާރަފްކުރި އެންޓިޓެރަރިޒަމާ ބެހޭ ކަންކަމާއި ސަލާމަތީ ގޮތުން ހަދަންޖެހޭ ގާނޫނުތައް ޑްރާފްޓުކޮށް އެކުލަވާ ލުމުގެ މަސައްކަތްތައް މޮނިޓަރކޮށް އެމަސައްކަތް ހިންގައި ބެލެހެއްޓުމުގެ ޒިންމާތަކެވެ.
ފަހެ، އެއީ ޒިންމާއެއް ހާވާލުވެފައި ނެތްމީހަކު ވަރަށްނެތް މިނިސްޓްރީ އެކެވެ. މިމަސައްކަތް ކުރުމުގައި ފުދޭވަރަށް އަބަދުހެން އަޅުގަނޑު އަމަލީ ގޮތުން އުޅުނީމެވެ. ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މާބޮޑު ނަތީޖާއެއް ނެރެ ނުދެއްކުނަސް ގިނަގުނަ މަސައްކަތްތަކެއް ރާވައިގެން ކުރެވުނެވެ. އެންޓިޓެރަރިޒަމް ނުވަތަ ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތަކީ، މޯލްޑިވްސް އިމިގްރޭޝަނުގައި ހުރި އިރުވެސް ބައިނަލް އަގުވާމީ ޖަލްސާތަކަށް ގޮސް ބައިވެރިވެފައިވާ ވަރަށް ފެމިލިއަރ، އަދި ރައްޓެހި ދާއިރާއަކަށް ވީމާ އެކަމަށް ޝައުގުވެރިކަން ހުއްޓެވެ. އަދި އިމިގްރޭޝަނުގައި އިންޓެލިޖަންސް ޔުނިޓެއް ގައިމުކޮށް ކައުންޓަރ ޓެރަރިޒާމާއި އެންޓި ހިއުމަން ޓެރެފިކިންގ މަސައްކަތް އެއިދާރާގައި އަޅުގަނޑު ފަށާއި ކުރިޔަށް ގެންދިއައިމެވެ. އެޔުނިޓުން އާއޮފިސަރުން އެކަމަށް ތައްޔާރުރުމަށް ބާރުއަޅާފައި ވާނެއެވެ. އަދި އަޅުގަނޑު އެއިންކަމެއްގައި ބައިވެރިވުމަށް ބޭރަށްދާ ދަތުރުތަކުގައި އެއޮފިސަރުންގެ ބައިވެރި ކުރުން އަމަލީގޮތުން ގެންގުޅުނީމެވެ. އަޅުގަނޑު އިސްކޮށް އިނދެފައި ހުރިހާކަމެއް ކުރުވަނީ، އެއޮފިސަރުން ލައްވައެވެ.
ފަހެ، ޑިފެންސް މިނިސްޓަރަކަށް އަމީން ފައިސަލް ހުންނެވި އިރު ރައީސް އޮފީސް ތެރޭގައި އެމަސައްކަތަށް ޚާއްސަ ކުރެވުނު ޚާއްސަ ޔުނިޓުގައި އަޅުގަނޑާ އެކު އެމަސައްކަތުގައި އެއޮފިސަރުން ގެންދިއައިމެވެ. އިމިގްރޭޝަނުގައި އެ މަސައްކަތްތައް ހަރުދާނާކޮށް އެކަމަށް ވަކިޚާއްސަ ގާނޫނެއް ފަރުމާކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އަޅުގަނޑަށް (އިމިގްރޭޝަނަށް) ލިބިގެން ދިޔައެވެ.
އާދެ! މީގެކުރިން ޑިފެންސް މިނިސްޓްރީ ތެރޭގައި މިފަދަ ޔުނިޓެއް ގައިމުކޮށް އިސްކޮށް އޮފިސަރުން ތިބެގެން މަސައްކަތް ތަކެއް ކުރެވިފައެއް ނެތެވެ. މިފަދަ މަސައްކަތްތައް ކުރިޔަށް ގެންދަފާފައި އޮތީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ތެރޭގައެވެ. ގަދަކޮށް އިންޓެލް މަސައްކަތާއި ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ޑިފެންސްފޯސް ތެރޭގައި ޒަމާނީ ފެންވަރަށް ގައިމް ވެފައި އޮތެވެ.
އެހެނަސް ޑިފެންސް މިނިސްޓްރީއާއި އެމްއެންޑީއެފް އަކީ ވަރަށް ވަކިވަކިން ހިންގާދެތަނެވެ. ބޮޑުސިއްރުގެ ގޮތުގައި މާއަބުއިކޮށް ޑިފެންސްފޯސްގެ ގިނަކަންކަން ހިންގަނީ މިނިސްޓްރީއާ ގުޅުމެއް ނޯންނަ ގޮތަށެވެ. ސީދާ މިނިސްޓަރުގެ މަގާމުގައި ހުންނަވާ ބޭފުޅާނޫން ކިތެންމެ މަތީ މަގާމެއްގައި ހުންނަ ޑިފެންސް މިނިސްޓްރީގެ ވެރިއަކަށް ވިޔަސް، އަދި މިނިސްޓްރީގެ އެހެން މުވައްޒަފަކަށް ވެސް މިނިސްޓެރީގެ ކޮޓަރިތައް ނޫންތާކަށް ވަނުން މަނަލެވެ. ސްޓޭޓް މިނިސްޓަރަށް ކެންޓީނަށް ވަނުންވެސް މަނަލެވެ. އެމްއެންޑީއެފްގެ އެންމެހައި އޮފިސަރުންނަށް ފްރީ ކޮއްތުގެ ހުއްދަ އަބަދުހެން ހުޅުވިފައި އޮވެއެވެ. އަޅުގަނޑު ހުރި ދުވަސްވަރު އޮފީހުގައި އިންނަގަޑީގައި ބޯނެފެންފޮދެއް ނުލިބިގެން ފެން ބުއިމަކީ، މަޖުބޫރުކޮށް ކުރަންޖެހޭ ކަމަކަށްވާތީ ފެންފުޅިއެއް ގަންނަން އެތެރޭގައި ހުންނަ ފިހާރައައި ހަމައަށް ދާންވެސް ހުއްދައެއް ހޯދަން ޖެހުނެވެ. މިކަންކަން އަޅުގަނޑަށްވީ ހެއްވާ ކަމަކަށެވެ. އެމްއެންޑީއެފުން ރާވަފައި އޮންނަނީ، މިނިސްޓްރީ ވިހާވެސް ދުރުގައި ވީހާވެސް ބަލިކަށިކޮށް އެއްފަރާތް ކޮށްފައި ބާއްވާށެވެ. އަބަދުވެސް މިނިސްޓަރު ވަށާލައިގެން އުޅޭނެ ޔުނިފޯމްއެޅި ފޯހެއް އޮންނަތަން ފެނެއެވެ. އެހެން ވެރީންނަށް އަޅައެއް ނުލައެވެ. ފަހެ، މިނިސްޓްރީ އަކީ، އިދާރީގޮތުން ކަންކަމަށް ސިޓީ ޑްރާފްޓްކޮށް ލިޔެފޮނުވާ ތަނެއްގެ ގޮތުގައި އެކަހަރިކޮށް ލާފައި އޮންނަތަނެއް ގޮތުގައި ސިފަކުރެވުނެވެ.
އާދެ! މިނިސްޓަރ އަޅުގަނޑައި މިކަންތައް ހަވާލުކުރެއްވީ މިނިސްޓްރީ ތެރޭގައި އެމަސައްކަތް އަލުން ތައާރަފްކޮށް ފެށުމުގެ މާތް މަގްސަދުގެ ބޭނުމު ގައެވެ. އެމްއެންޑީއެފް ގައި ކުރިން އެޔުނިޓުގައި އިސްކޮށް އެމަސައްކަތުގައި އުޅުއްވި އޮފިސަރާއި އެހެން ދެއޮފިސަރެއް އަޅުގަނޑައި އެކުގައި އަލަށް މިއުފެއްދެވި ސެކްޝަނުގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސަވައި މިނިސްޓްރީ ތެރެއަށް ސާކިއުލަރ އެއް ނުރުއްވި އެވެ.
ފަހެ، މިކަމާ ގުޅިގެން އެމިނިސްޓްރީގައި ހޭދަ ކުރަންޖެހުނު މަދު ދުވަސްކޮޅުގައި ބައްދަލުވުންތައް ބާއްވާއި ކުރިޔަށް ގެންދެވުނީ، ހަމަ ފަށައިގަތުމުގެ އިދާރީ ކަންކަމެވެ. ސެކްޝަން ހަދާނެ ވަކިތަނެއް ލިބުން ލަސްވީމައި މަސައްކަތް ހިންގުމަށް ހީނަރުކަމެއް ވަރަށްބޮޑަށް އޮތެވެ. އެހެނަސް ބޭރުގެ ކޯސްތައް ހޯދުމަށް ބޭރުގެ އެޖެންސީތަކާ ގުޅުން އުފައްދައި ހެދުނެވެ. އަދި މިނސްޓްރީން އޮފިސަރުން ބޭރަށް ފޮނުއްވާ ހެދިއެވެ. އަޅުގަނޑު ވެސް އެމެރިކާގެ ހަވާއީގައި ހުންނަ ސައުތް ޕެސެފިކް ކޮމާޑްގެ ދަށުން ހިންގާ ސެކިއުރިޓީ ސްޓަޑީޒް ސްކޫލަކަށް، 4 ހަފްތާގެ ސެކިއުރިޓީ ކޯހެއް ގްރެޖުއޭޓް ފެނަވަރަށް ފުރިހަމަ ކުރުމަށް ދާންޖެހުނެވެ. މިކަންވީ ވަރަށް ފުރިހަމަ ތަޖްރިބާ އަކަށެވެ.
އާދެ! ދެން އަޅުގަނޑުގެ ބެލުމުގެ ދަށުން ކުރެވުނު މަސައްކަތް ތަކުގެ ތެރޭގައި ދިރާސާ ކުރެވެމުން ދިޔަ ގާނޫނު ތަކަކީ، އުސް އިމާރާތްތައް އަޅާއިރާއި އަދި ތަޅާއިރު ސަލާމަތް ތެރިކަން ގެންގުޅުމުގެ ގާނޫނާއި ކެމިކަލްސް އެތެރެކޮށް ރައްކާތެރިކޮށް ގުދަންކޮށް ގެންގުޅުމުގައި ސަލާމަތް ތެރިކަން ދެމެހެއްޓުމުގެ ގާނޫނާއި ހޮނުއެޅުމުން ރައްކާތެރި ވުމުގެ ގާނޫނާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ވުމާއި ސަލާމަތްތެރި ވުމުގެ ގާނޫނެވެ. ހަފްތާއަކު އެއްބައްދަލު ވުންކަހަލަ ގޮތަކަށް ބައްދަލުވުން ބާއްވައި ޑްރާފްޓިންގެ މަސައްކަތް ކުރިޔަށް ގެންދެވުނެވެ. އިމިގްރޭޝަނުގައި ހުރިއިރު ވެސް މި މަސައްކަތްތަކުގެ މީޓިންތަކުގައި އަޅުގަނޑު ބައިވެރިވެ ހެދީމެވެ. ފަހެ، އޭގެތެރެއިން ދެގާނޫނެއް ބަންޑާރަ ނައިބުގެ ލަފާފުޅަކަށް އެދި ފޮނުވުނެވެ. މާގިނަ މަސައްކަތްތަކެއް ނިންމާ ނުލެވެނީސް ވެރިކަމުގެ ދައުރު ނިމުމަކަށް އަތުވެއްޖެއެވެ. އަދި އެދޭތެރެއިން ރަސްމީ ދެތިން ދަތުރަކު ވެސް ރާއްޖެއިން ބޭރަށްދާން ޖެހުނެވެ.
ފަހެ، މޯލްޑިވްސް އިމިގްރޭޝަނުން، މިނިސްޓްރީ އޮފް ޑިފެންސަށް އަޅުގަނޑު ބަދަލުކުރީ، 24 މެއި 2012 ދުވަހުއެވެ. ނޮވެންބަރު، 2013 ގައި ވެރިކަމުގެ ދައުރުނިމި، ރިޔާސީ އިންތިޚާބުގެ އޮއިވަރު ގަދަ، ސިޔާސީ ވަޔާއެކު ޖެހެން ފަށައިފިއެވެ. ސްޕްރީމްކޯޓައި ހަމައަށް ގޮސް އިންތިޚާބު ދެތިންފަހަރު މަތިން ބޭއްވި، ރައީސް ޔާމީނު ރާއްޖޭގެ ވެރިކަމަށް އިސްވެ އެންމެ ފުރަތަމަ ކަނޑާލި މީހުންގެ ތެރޭގައި އަޅުގަނޑު ވެސް ކަނޑާލާއި ބޭރުކޮށްލި އިރު، އަޅުގަނޑުގެ ވަޒީފާވަނީ، ރައީސް ވަހީދުގެ އެންމެފަހު ދުވަސްކޮޅުގައި ޕީޕަލްސް ރިޕަބްލިކް އޮފް ބަނގްލަދޭޝްގައި ހުންނަ ދިވެހި ހައިކޮމިޝަންގެ މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ. އެކަންހިނގީ، 2008 ގައި ފެށުނު ވެރިކަމުގެ ދައުރުގެއެންމެ ފަހު ދުވަހުއެވެ. އަނެއްހެން އެންމެފަހު ދުވަސް ކަމުގައިވާ، 11 ނޮވެންބަރުގެ ފަހުން އެސަރުކާރު ދެމިއޮތް ދުވަސްކޮޅަކީ، ޝަރުއީ ދާއިރާއިން ގަދަބާރުން ދެންމި ދުވަސް ކޮޅަކަށް ވާތީ، އަޅުގަނޑު ހުރީ އޮޅުންބޮޅުމުގަ އެވެ. 10 ވަނަ ދުވަހުން ފެށިގެން އަޅުގަނޑު ހުރީ، ހަމަ ނަމަކަށް ހުރެވުނު މަގާމެއްގައެވެ. ބަންގާޅަށް ފުރުމުގެ ކަންތައް ހަމަޖައްސައި ނުދީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މާލޭގައި ބަހައްޓާފައި އެދުވަސްކޮޅުގެ މުސާރަ ވެސް ޖަމާކޮށް ނުދީ، އަޅުގަނޑު ކަނޑާލީއެވެ.
އަދި ބަންގާޅުގައި ހުރި ދިވެހި ހައިކޮމިޝަން އުވާލެއްވީއެވެ. ފަހުން ބަންގާޅު ހައިކޮމިޝަނުގައި އޭރު ހުންނެވި މުވައްޒަފެއް އަނބުރާ ނަގުދުފައިސާ ދީފައި ޑާކާއަށް ފޮނުވައިގެން، އެ ހައިކޮމިޝަން ވަނީ ގައިމުކޮށް އެންބަސެޑަރެއް ކަނޑަ އަޅުއްވާ ފައެވެ. އަދި ރައީސް ޔާމީނުގެ ކޯލިޝަން ސަރުކާރަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހަމަޖެއްސެވި ވަޒީރުވެސް ކަނޑާލެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އުވާލެއްވުމަށް ފަހުގައެވެ.
ފަހެ، މިއީ ޚުދުމުޚްތާރު ޖައްބާރު ވެރިން ސިޔާސީ އާރުލާ މީހުން ކަނޑާލުމަށް އަޅަމުން ގެންދާ ވަރަށް ނުސީދާ ޒާތީ ހަސަދައިގެ ފިޔަވަޅެކެވެ. ހިތުތެރޭގައި އަނދައަނދައި އޮންނަޒާތީ އުދާސްތަކުގެ ރުޅިގަނޑުގެ ހަސަދަ ފިލުވާލަނީ، ދައުލަތުގެ ފައިސާއަށާއި އިމާރާތް ތަކަށެވެ. ވިސްނާލީމައި މިހެން ހިނގާފަހުރި ބައިވަރު މިސާލުތައް ހަނދާނަށް ގެނެވޭނެއެވެ.
ސ،ފަހެއް: ޑޮކްޓަރ ވަހީދު ރައީސްކަމަށް ވަޑައިގެން ލޯންޗްކުރެއްވި މޯލްޑިވްސް ނެޝަނަލް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޕޮލިސީ ޑިޒައިން ކުރައްވާއި އެކުލަވާލައް ވާފައިވަނީ، ސަރުކާރުގެ ހުރިހާ ދާއިރާ ތަކެއް ރައްކާތެރި ކުރެވޭނީ، އެހުރިހާ ފަރާތްތަކުން އެއްބާރުލާއި ގުޅިގެން ހިންގާނެ އެއްޕޮލިސީ އެއްގެ މައްޗަށެވެ. އެ ޕޮލިސީއަށް ބަލާއިރު ނޯޓިސް ކުރެވެނީ، ޖުމްލަކޮށް އެސިޔާސަތު ފަރުމާ ކުރެވިފައި ވަނީ، ވަރުގަދަ ދީނީ އަސާސެއްގެ މަތީގައި ބިނާވެފައި އޮތް ދިފާއީ ޕޮލިސީއެއްގެ ގޮތަށެވެ. ދުނިޔެލާމެހި އެކަތިގަނޑަކަށްވެ، ސަލާމަތީ ނުރައްކާތަކާއި އިންޒާރުތަކުން ރައްކާތެރިވުމަށް މުޅިދުނިޔެ އެއްގަލަށް އަރައި މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައި، ހަމައެކަނި ގައުމީ އެއްބައި ވަންތަކަމާއި ދީނީ އަސާސެއްގެ މަތީގައި ގައުމުގެ ދިފާއީ ޕޮލިސީ ބިންވަޅުނެގި ހަނިވެފައި އޮތުމަކީ، އިލްޔާސް ގަބޫލުކުރައްވާ ގޮތުގައި އެންމެ ރަނގަޅުގޮތް ތޯއެވެ؟
ޖ، ފަހެއް: ތިޔަވިދާޅުވި މޯލްޑިވްސް ނޭޝަނަލް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޕޮލިސީ އެކުލަވާ ލުމުގައި އަޅުގަނޑަށް އުޅެވިފައިވާ ކަމެއް މުޅިންސާފެއް ނުކުރެވުނެވެ. އެއީ ތިޔަ ޕޮލިސީ ހޯދަން އުޅެއުޅެ ބަލާލަން ނުލިބި ނުފެނުމުން ނެވެ. ކިޔާލަން ނުލިބުމެވެ. އެހެނަސް ތިޔަ ދުވަސްވަރަކީ، ކޮންޓްރޯލަރގެ ހައިސިއްޔަތުން ގައުމީ ސެކިއުރިޓީ ސިޔާސަތެއް ހެދުމަށް ބޭއްވުނު ބައްދަލުވުން ތަކުގައި އަމަލީގޮތުން އަޅުގަނޑު އުޅުނު ދުވަސްވަރެވެ. ޑިފެންސް މިނިސްޓަރަކަށް އަމީން ފައިސަލް ހުންނެވި އިރުވެސް، އަދި ފަހުން ކާނަލް ނާޒިމް ސަރ ހުންނެވި އިރުވެސް އެދުވަސްވަރުގެ ހުރިހާ ބައްދަލުވުން ތަކެއްގައި އަޅުގަނޑު އިންނާނެއެވެ. އަޅުގަނޑަކީ އަމަލީ ގޮތުން އުޅުނު މީހެކެވެ. އަދި ފަހުން އަމީން ފައިސަލް މިނިސްޓަރުކަމުން ރައީސް އޮފީހަށް ބަދަލު ކުރައްވާފައި ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ހުންނަވާ، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މާގާމުގައި ހުންނަވައިގެން ކުރެއްވި ގިނަގުނަ ގައުމަށް ބޭނުންތެރި ސަލާމަތީ މަސައްކަތްތަކުގައި އެންމެއިސް ހަތަރު މީހުންތެރޭގައި އެކަކަށްހުރީ އަޅުގަނޑެވެ. ތިޔަ ވިދާޅުވާ ގައުމީ ސިޔާސަތު ބަލާލައި ކިޔާލާހިތުން މިނިސްޓްރީ އޮފް ޑިފެންސް އާއި އެމްއެންޑީއެފްގެ ވެބްސައިޓް ބަލައިގެން ވެސް ފެނިފައެއް ނެތެވެ.
ފަހެ، އަޅުގަނޑު ޑިފެންސް މިނިސްޓްރީ ގައި އުޅުނުއިރު، ޑިފެންސް މިނިސްޓްރީގެ ސައިޓުގައި، 2012 ވަނަ އަހަރު ދިވެހި ރާއްޖޭގައި އެކުލަވާ ލެވުނު، އަދި އެންމެ ފުރަތަމަ ފަހަރަށް، ރީޝޭޕިން ދަ ޑިފެންސް ސެކްޓަރ ފޯރ ސެކިއަރ މޯލްޑިވްސް ނަމުގެ ދަށުން، ޑިފެންސް ވައިޓްޕޭޕަރެއް، 2012 ގައި މިނިސްޓަރ ނާޒިމްސަރ ހައްދަވައި ޕަބްލިޝް ކުރެއްވިއެވެ. އަދި އަމަލުކުރައްވަން ފެއްޓެވިއެވެ. އެއީ މުޅިންއަލަށް ފުރަތަމަ ފަހަރަށް ދިވެހި ދިފާއީބާރުން، ފޮލޯކުރަން ފެއްޓެވި ހުދުކަރުދާހެވެ. ފަހަރުގައި ތިޔަވިދާޅު ވަނީ، މިކަރުދާހުގެ ވާހަކައަށް ވެސް ވެދާނެއެވެ. މިޕޭޕަރަކީ، އަޅުގަނޑުގެ ބައިވެރިވުން އޮވެ، ޝާމިލްވެގެން ތައްޔާރު ކުރެވުނު ސިޔާސަތު ތަކެކެވެ. މިމަސައްކަތުގައި ރައީސް ނަޝީދު އިރުގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލްގެ ދަށުން، އަދި ރައީސް ވަހީދު އިރުގެ މިނިސްޓަރ ކާނަލް ނާޒިމްގެ ދަށުން ކައުންޓަރ ޓެރަރިޒަމް މަސައްކަތުގައި އަމަލީގޮތުން ކޮންޓްރޯލަރެއްގެ ހައިސިއްޔަތުން ނާއި ފަހުން ޑިފެންސް މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އުޅުނީމެވެ.
އާދެ! އެޕޭޕަރުގެ ޑްރާފްޓިން މަރްހަލާގައި އުޅެވިފައި ހުރީމާ، އެއިންބައެއް ނުކުތާތައް ހަދާނުގައި ހުރެއެވެ. އެހެނަސް ހިތާމައަކީ، މިއިން ޕޭޕަރެއް މިހާރު ފެންނާންނެތް ކަމެވެ. ސަލާމަތީ ބާރުތަކުގެ ދެސައިޓު ވެސް، އިހުގެ ގަދީމީ ބައްޓަމަށް ވެއްޓި މުޅީން ސިޔާސީވެ، މިނިސްޓަރ ކުރައްވާ ދަތުރުތަކާއި ސިޔާސީ ކަންކަމުގެ ޕްރޮޕެގެންޑާ މަސައްކަތަށް ޚާއްސަ ކުރެވިފައި ވާތަން ފެނުނެވެ. އިނގިރޭސިބައި އަމުދުން ނުވެސްނެތެވެ. ހަގީގަތުގައި ރައީސް ވަހީދު އިރުގައި ޑިފެންސް މިނިސްޓަރަށް ގެނެވުނީ، މިލިޓްރީ ހަމަތަކުން ބަލާއިރު އެންމެޒުވާން ދުވަސްވަރުން ފެށިގެން ޢަސްކަރީ ކަންކަމުގައި އަމަލީގޮތުން އުޅެ، ރާއްޖޭން ލިބެންވާ ހުރިހާ ތަޖްރިބާތަކެއް ލިބި، އަދި ޢަސްކަރީ ރޮނގުން ބޭރުން މަތީފެންވަރުގެ ތަމްރީނުތައް ހައްދަވައިގެން ހުންނެވި، ރާއްޖެއަށް ފަހަކަށް އައިސް ދިމާވި ހުރިހާ ޓެރަރިސްޓް ތްރެޓްތަކާއި ހަމަލާތަކުގައި އުޅުއްވައި، އަދި ރާއްޖެ ގިރާކުރަން ޖެހުނު އެންމެ ނުރައްކާތެރި ހާދިސާތަކުގައި އަމަލީގޮތުން އުޅުއްވައި ތަޖްރިބާ ހާސިލުކޮށް، އެކަންކަމުން ރައްކާތެރިވުމަށް އެޅުޅު ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި އަމަލީގޮތުން އުޅުއްވި ޒުވާން ޢަސްކަރީ ބޭކަލެކެވެ. އެހެންވެ ކާނަލް ނާޒިމް ޑިފެންސް މިނިސްޓަރީ ހިންގެވި އިރު، ސަލާމަތީ ބާރުތައް ރިފޯމްކޮށް އެކިއެކި ސިޔާސަތުތަކާއި ގަވާއިދުތައް ޑްރާފްޓު ކުރެއްވިއެވެ. އަދި މިނިސްޓްރީއާ އެކު، އެމްއެންޑީއެފްގެ ގުޅުން އިހުނަށް ވުރެ މާބޮޑުތަން ރަނގަޅު ކުރެއްވިއެވެ.
ފަހެ، ޑޮކްޓަރ ވަހީދުގެ ވެރިކަމުގައި ސިފައިނަށް ވެސް، އަދި ފުލުހުންނަށް ވެސް އެބޭކަލުންގެ އަމިއްލަ މަސައްކަތްތައް މުސްތަގިއްލު ކޮށް ޑިޒައިންކުރީ އެވެރިންގެ އަމިއްލަ ދިރާސާތަކުގެ މައްޗަށެވެ. މަދަނީ ސިޔާސީ މީހުންގެ ހިއްސާ ވަރަށް ނެތިއެވެ. ރައީސް އޮފީހާއި ރައީސްގެ ދައުރަކީ، ހަމައެކަނި އެނިންމުން ތަކުގައި ސިއްކަޖެހުމެވެ.
އާދެ! 2008 ގައި އުފެދުނު ސަރުކާރުގެ ދައުރުތެރޭގައި އަމީން ފައިސަލް އާއި ކާނަލް ނާޒިމްވަރަށް ގިނަގުނަ އިސްލާހީ މަސައްކަތްތައް ކުރެއްވިއެވެ. އަދި އެކަންކަމުގައި އަމަލީގޮތުން އަޅުގަނޑަށް އެބޭފުޅުންގެ ފަހަތުގައި އުޅެން ޖެހުނެވެ. ފަހެ، އަޅުގަނޑު ދެކޭގޮތުގައި ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއެއް (އެންއެސްޕީ) ވަރަށް ފުރިހަމައަށް ދިރާސާކުރުމަށް ފަހު، އެކުލަވާލެވިފައި އޮންނަން ޖެހޭނެއެވެ. އަދި ހިންދުން ހިނދަށް އެޕޮލިސީ މުރާޖައާކޮށް އަޕްޑޭޓް ކުރެވެން ޖެހޭނެއެވެ. ގައުމީ ސަލާމަތާ ބެހޭ އެފަދަ ޕޮލިސީއެއް، ހިސާރުކުރެވި ލިމިޓްވެފައި އޮންނަންޖެހޭނީ، ހަމައެކަނި ދީނީ އަގީދާގެ މައްޗަށާއި ގައުމީލޯބީގެ އަސާސްތަކުގެ މައްޗަށް އެކަންޏެއް ނޫނެވެ. އެއަށްވުރެ މާފުޅާދާއިރާ އަކަށް ފެތުރި އެއްގައުމު އަނެއް ގައުމުގެ އެހީއާއި ތަޖުރިބާތައް ބަދަލުކުރެވި އަމަލީގޮތުން އެހީއާއި މަދަދު ލިބެންޖެހޭނެ ފެންވަރަކަށް އެފަދަ ޕޮލިސީއެއް ރޭވެން ޖެހޭނެއެވެ. މައުލޫމާތުތައް ވަގުތުން ވަގުތަށް ޝެއާކުރެވި ޑިސީސަންތައް ނެގި އެކުގައި ފިޔަވަޅުއަޅާ ގޮތަށް ހަމަޖެހެން ޖެހޭނެއެވެ. ގްލޯބަލައިޒް ވެފައިވާ ދުނިޔޭއްގެ ހުރިހާ ބާރުތަކާ ގުޅިގެންނޫނީ، މިހާރުގެ މި ތަހްޒީބީ ޒަމާނުގައި އެއްވެސް ގައުމެއްގެ ސަލާމަތްތެރިކަން ނުބެލެހެއްޓޭނެ އެވެ. ރައްކާތެރިއެއް ނުކުރެވޭނެއެވެ. ގައުމީ ރައްކާތެރިކަން ނުގެންގުޅެ ވޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ، ތްރެޓްތަކާއި ޗެލެންޖުތަކުން އަރައި ނުގަނެވި ގެންނެވެ.
ފަހެ، އެގޮތުން މިފަދަ ގައުމީ ސިޔާސަތެއް އެކުލަވައިލާ އިރު، ގައުމަށް ސަލާމަތީ ގޮތުންހުރި ތްރެޓްތަކާއި ޗެލެންޖަސް ވަރަށް ރަނގަޅަށް ދިރާސާކޮށް ދަނެގަންނަން ޖެހޭނެއެވެ. އަދި އެކަމަށް އިސްކަންދޭނެ ތަރުތީބެއް ލިޔެވި، ޕްރައިރިޓީ ދެވިފައި އޮންނަން ވާނެއެވެ. އަބަދު ވެސް އެންމެ ފުރަތަމަ އަޅާނެ ފިޔަވަޅު ތައްޔާރީ ހާލަތުގައި ބޭއްވެން ވާނެއެވެ. އަދި ތްރެޓްލެވަލް އެކި މިންގަނޑުތަކުން ހުރި މިންވަރުތައް އެންމެ ފުރިހަމަކޮށް ދަނެގަނެވިފައި އޮންނަން ޖެހޭނެއެވެ. އެންމެހައި ލެވަލްތަކުގައި އެކަންއޮތީ ކޮން މިސްރާބަކަށް ކަމާއި ކޮން ދިމާއަކުންކަން އީޖާދުވެ ފެށިފައިވަނީ، ވަރަށް ސާފުކޮށް ދަނެގަނެވެން ޖެހޭނެއެވެ. އަދި ކަންކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު ފުރިހަމައަށް އަވަހަށް ކުއްލިގޮތަކަށް ނެގޭނެގޮތާއި އެކަމުގައި އަޅާނެ ފިޔަވަޅު ތަކާއި އެކަމަށް ހުރި ރިސޯސްތައް އެލޮކޭޓް ކުރެވިފައި ހުންނަން ޖެހޭނެއެވެ. ފުރިހަމައަށް ދަނެގަނެވިފައި އަތްމަތީގައި އަބަދުވެސް ރެޑީކޮށް ވާސިލްވެވޭ ގޮތަށް ހުންނަން ޖެހޭނެއެވެ.
ފަހެ، އަޅުގަނޑު ހަނދާންވާ ގޮތުގައި ދިވެހިރާއްޖޭގައި، 2012 ގައި ހެދުނު ޑިފެންސް ވައިޓްކަރުދާހުގައި ވެސް ހޯދިފައި ހުރީ ހަމައެކަނި ޗެލެންޖަސް ތަކެވެ. އެހެން މުހިންމު މައިގަނޑު ބައިތައް ދިރާސާކޮށް އިމަޖެންސީ ހައްލުތައް، އަދި ދާއިމީ ހައްލުތައް ހޯދާއި ލިޔެވިފައެއް ނުވާނެއެވެ. އަޅުގަނޑަށް ފާހަގަކުރެވޭ ގޮތުގައި މިޖަޒީރާ ދިވެހިރާއްޖެއަށް އެންމެ ތްރެޓްބޮޑީ ރެޑިކަލް އިސްލާމިސްޓް ޓެރަރިމާއި އޯގަނައިޒް ކްރައިމްސް އާއި ފޮރިން އިންފުލުއަންސް އެވެ.
ފަހެ، އިސްލާމް ދީނުގައި ޓެރަރިޒަމެއް، އަދި އިރުހާބެއް، ބިރުދައްކައިގެން މަޖްބޫރު ކުރުވުމެއް ނޯންނަކަން ހަނދާން ކުރަން ޖެހޭނެއެވެ. އިސްލާމެއްގެ ނަމުގައި ކަމެއްކުރާ ކޮންމެ ފަހަރަކު އެއީ ދީނުގައި އެކަން އޮންނަގޮތް ކަމުގައި ހަދައިގެން ނުވާނެއެވެ. އަދިވެސް އިތުރަށް ނަޒަރު ހިނަގައި ވިސްނަން ޖެހޭ ބައެއް ދާއިރާތައް މިހާރު އަލަށް އިޖާދުވެފައި އެބަހުއްޓެވެ. އެތެރެވަރީގެ ވަކިގައުމެއްގެ ބިދޭސީން އިންތިހާއަށް އިލީގަލީ އެތެރެވެ، އިލީގަލީ އުޅެމުންދާއިރު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން އަތުވެދާނެ ތްރެޓްތައް ހުރެދާނެއެވެ.
އަމުދުން މިހާރުގެ ތަހުޒީބީގޮތުން އިތުރަށް ގިނަކަންކަމާއި ލާމެހި ގުޅިފައިވާ ދުނިޔޭއްގައި އެއްބައި ވަންތަކޮށް އެއް ސަގާފަތެއްގައި ދިވެހިން ޒަމާނުއްސުރެ ދިރިއުޅެމުން ދާއިރު، ދިވެހީންގެ މުޖްތަމައުގައި އެފަދަ އިލީގަލް އިމިގްރޭންޓުން މިހާރަކަށް އައިސް ނުހިންގާ މުޑުދާރު އެއްވެސް ވިޔަފާރިއެއް ނެތެވެ. ޒުވާން އަންހެން ކުދިންލައްވައި ބޭރަށް ފައިސާ ފޮނުވާއި ޑްރަގް ވިއްކުމާއި ރާވައިގެން ޖިންސީކަންކަން ހިންގުމުގައި އުޅެމުން ގެންދެއެވެ. އެއީ ފައިސާގެ އަޅުންގެ ގޮތުގައި ވަގުތީ ހިޖުރައެއްގައި އުޅޭ މާއްދިއްޔަތަށް ވަރަށް ލެނބިފައި ތިބޭ، ފައިސާނޫން އެހެން އަމާޒެއްނެތް މީހުންނެވެ. އެމީހުންގެ ތެރޭގައި ސައިބާކްރައިމްސް އިންފެށިގެން ކިޑްނެޕްކުރުމާއި ފޭރުން އެބައޮތެވެ. މީހުންމަރައެވެ. ދީނީ އަގީދާއާއި ފިކުރީގޮތުން އެކިސެކްޓަރު ތަކައި ދިމާއަށް ހައްދުފަހަނައަޅައި ދިއުން ފެންނަން އެބަހުއްޓެވެ.
ފަހެ، ފަސޭހަ ދިރިއުޅުމެއްގައި ހަމަޖެހިލައިގެން ބިރެއްނެތި ދިރިއުޅެމުން ގެންދަނީ، ހުއްދައެއް ނެތި ގަވާއިދައި ޚިލާފަށެވެ. އެމީހުންގެ އަދަދުގެ ގޮތުން ހިސާބުތައް ބެލެހެއްޓި ކޮންޓްރޯލް ކުރުމަށް ތަރޯތާޒާ ފިޔަވަޅުތަކެއް އަޅަމަކުން ނުގެންދެއެވެ. މިކަމާ ކަންބޮޑު ވުމަށްވުރެ، މާއްދީގޮތުން ފައިދާއެއް ނެގޭތޯ ވިސްނާ މީހުން ސަރުކާރު ތެރޭގައާއި މުޖްތަމައުގައި މާގިނައެވެ. ހުރިހާ ކުދި، އަދި ބޮޑެތި ވިޔަފާރިތައް ވަނީ، އެފަދަ މީހުންގެ އަތްދަށަށް ރޭވުންތެރިކަމާ އެކު ގެންގޮސް ނިންމާފައެވެ. އަދި ގިނަކަންކަން ކުރުވަނީ ސިޔާސީ ނުފޫޒުގެ ބާރުންނެވެ.
އާދެ! އަޅުގަނޑު މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯރގެ ހައިސިއްޔަތުން، ގައުމީ ސަލާމަތާ ބެހޭ ކޮމެޓިގައި އުޅުނުއިރު، އެކޮމެޓީގެ މުޝީރަށް، 2010 ވަނަ އަހަރުހުށަހެޅި ރިޕޯޓެއްގެ އުސްއަލިތަކަށް، މިހިސާބުން ކުރުކޮށް މިއިންޓަރވިއޫގައި އަލިއަޅުވާލާ ނަމެވެ.
ވޯކްވިސާގައި ރާއްޖެއެތެރެވާ ބިދޭސީންނާބެހޭ:
2010 ވަނަ އަހަރު އޮކްޓޯބަރ މަހުގެނިޔަލަށް، 1800 (އަށާރަހާސް) ބިދޭސީން ވަނީ، އަލަށް އެންޕްލޮއިމަންޓް އެޕްރޫވަލް ހައްދައިގެން ވޯކްވިސާގެ ދަށުން ރާއްޖެ އެތެރެވެފައެވެ. އޮކްޓޯބަރ މަހު އެކަނިވެސް، 2563 ބިދޭސީން އަލަށް ރާއްޖެ އައިސްފައި ވެއެވެ. މިއީ ސެޕްޓެމްބަރ މަހަށްވުރެ، 21.4 ޕަސެންޓް އިތުރު މިންވަރެކެވެ. ވޯކްވިސާގައި އަލަށް އެތެރެކުރެވޭ ބިދޭސީންގެ އަދަދު އިތުރުވަމުން މިދަނީ ހައްދެއްނެތި އެވެ. އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ސިޔާސީ ގޮތުންވެސް ބިރުގަންނަން ޖެހޭ މިންވަރަށެވެ. ދިވެހިރާއްޖޭގެ އިގްތިސާދީ ސިނާއަތު މިދުވަސްވަރު އަދިއޮތް ގޮތުން، މިއަދަދަށް ބިދޭސީ މަސައްކަތްތެރީން ރާއްޖެއަށް އެތެރެވަމުން ދިއުމަކީ، ސަލާމަތީ ގޮތުން ނުރައްކާތެރިކަން އިތުރުވެފައިވާ، އަދި ފިކުރު ބޮޑުވާން ޖެހިފައިވާ ކަމެކެވެ. އިގްތިސާދީ މަސައްކަތް ކުރުމަށް ރަސްމީ ލިޔެކިޔުންތައް ފުރިހަމަ ކޮށްގެން ބިދޭސީން ވޯކްވިސާގައި އެތެރެ ކުރެވުނަސް މީގެތެރެއިން ގިނަ މީހުންނަކީ، ގެނެވޭ މަސައްކަތް ފިޔަވާ، އެހެން މަސައްކަތްތަކަށް ވީއްލިގެންދާ މީހުންނެވެ. ހަވާލުވާ ދިވެހި މީހާއަށް، ބިދޭސީ މީހާ ވީނުވީތަނެއް ނޭނގި، މިގޮތަށް ވީއްލިގެންދާ ކޮންމެ މީހަކީ، އަމިއްލައަށް ރާއްޖޭގެ އެކިރަށްތަކުގައި ވިޔަފާރީގެ އެކި މަސައްކަތްތައް ކޮށްގެން އާމްދަނީ ހޯދަމުން ގެންދާ މީހުންނެވެ.
އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުން ގެންދާ ބިދޭސީން ނެވެ. “އިލީގަލް އިމިގްރަންޓުން” ނެވެ. މިބީދައިން ގަވާއިދާޚިލާފަށް އުޅެމުން ގެންދާ ބިދޭސީންގެ ބޮޑުޖަމާއަތެއް ވަނީ، ރާއްޖޭގެ އެތަންމިތަނުގައި އުފެދިފައެވެ. ޚާއްސަކޮށް ބިންބޮޑެތި ސަރަހައްދު ތަކުގައެވެ. ދަނޑުތަކާއި ވަލުތެއިން ލިބޭ ނަފާތަކުގެ ބޮޑުބައެއް ބެހިގެންދަނީ އެމީހުންގެ ތެރެއަށެވެ. ޓުއަރިޒަމް ދާއިރާގައާއި އެހެނިހެން ވިޔަފާރީގެ ދާއިރާތަކުގައި ގަވާއިދާ އެއްގޮތަށް ވިސާފީ ދައްކައިގެން މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނަށް ވުރެ ގަވާއިދާޚިލާފަށް އުޅެމުން ގެންދާ ބިދޭސީން (އިލީގަލް އިމިގްރަންޓުން) ގެ އިގްތިސާދީ ހަރަކާތްތައް ވަނީ، ވަކި ބައްޓަމަކަށް ރޭވި އިތުރުވެގެން ގޮސްފައެވެ. މިޖަމާއަތުގެ ތެރޭގައި ރާއްޖޭގެ ދަނޑު ތަކުންނާއި އެކިހިސާބުގެ ވަލުތަކުން އެއްކުރާ ދަރުކާށި ކުރޮޅި، ތަރުކާރީފަދަ ތަކެތީގެ ވިޔަފާރިއާއި ޑޮލަރާއިޔޫރޯ ގަނެވިއްކުމުގެ ވަގުވިޔަފާރި ކުރާ މީހުންނާއި އެކިބާވަތުގެ ޑްރަގާއި ބަނގުރަލުގެ ވިޔަފާރީގައި ރޭވިގެން ހަރަކާތްތެރިވާ މީހުންނާއި ދަނޑުވެރިކަމުން މާލެ ގެނެވޭ ތަކެތި ދޯނިފަހަރަށް އަރައި ގަނޑުކޮށް ނެގުމަށް ފަހު، އަލުން ވިއްކާލުމުގެ ވިޔަފާރީގައި އަމަލީގޮތުން ހަރަކާތްތެރިވާ މީހުންނައި، އަދި މިނޫނަސް ހަށިވިއްކުމާއި މިބާވަތްތަކުގެ ހުރިހާ ވައްތަރެއްގެ ވިޔަފާރީގެ ތެރޭގައި އެއްވެސް ބިރެއްނެތި ފާޅުގައި އަމަލީގޮތުން ހަރަކާތްތެރި ވަމުންގެންދާ މީހުން އުޅެއެވެ.
ފަހެ، މިފަދަ ޖަމާއަތްތަކުގައި އެކިވަރުވަރުގެ ލީޑަރުން ތިބެގެން ގޭންގު އުސޫލަށް ބޮޑެތި ރޭވުންތައް ރޭވި، ދަރަޖަތަކަށް ބައިއެޅިގެން ކުރެވޭ ވިޔަފާރީގެ މުއާމަލާތު ތަކެއްކަން ވަނީ، ފާހަގަ ކުރެވިފައެވެ. އަދި މިދެންނެވި ގޭންގު ޖަމާއަތްތަކުން، އެކިޒާތުގެ މިފަދަ ނާޖާއިޒު ވިޔަފާރިތައް ކޮށްގެން ހޯދާ ފައިސާއާއި ނަފާތައް، ރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ވޯކްވިސާ ދައްކައިގެން ރާއްޖޭގެ އިގްތިސާދީ ސިނާއަތު ތެރޭގައި ހަރަކާތްތެރި ވަމުންގެންދާ މީހުންނަށް ލިބޭފައިދާއާއި ނަފާއަށްވުރެ މާގިނަވެފައި ބޮޑުކަމަށް ފާހަގަ ކުރެވެއެވެ. އަދި މިފަދަ ޖަމާއަތްތަކަށް ނިސްބަތްވާ މީހުން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ އަދަދުވެސް މާގިނަވާނެ ކަމުގައި ފާހަގަ ކުރެވެއެވެ.
އިގްތިސާދީ ގޮތުންވާ ގެއްލުން:
ބިދޭސީން ގަވާއިދާޚިލާފަށް ރެކްރޫޓް ކުރުންވަނީ، އިންތިހާއަށް އިތުރުވެފަ އެވެ. އަދި އެންޕްލޮއިމަންޓް އެޕްރޫވަލް ވިއްކުމާއި ކޯޓާ ވިއްކުމުގެ ކޮރަޕްޝަން ނިހާޔަތަށް އިތުރުވެފައި ވެއެވެ. އަދި ބިދޭސީން ދިރިއުޅެމުން ގެންދާ ތަންތަނުގައި ސިއްހީ މައްސަލަތައް ބިރުގަންނަން ޖެހޭ ވަރަށް އިތުރުވެފައިވެ އެވެ. ވައްކަންކޮށްގެން އެއްކުރާ މުދާ ފޮރުވައިގެން ސަޕްލައި ކުރުމާއި ކޮއްތު ތައްޔާރުކޮށްގެން ސަޕްލައިކޮށްދީ ހެދުމަކީ، މިފަދަ ބިދޭސީންގެ އާންމު ކަމެކެވެ. އެއްވެސް އަޅާލާނެ ފަރާތެއް ނެތެވެ. މިފަދަ ބިދޭސީ އެޖެންޓުންގެ ފަހަތުގައި ފޮރުވިގެން ތިބެނީ، ދިވެހި ގޭންގުތައް ހިންގާބޮޑުން ކަމުގައި ފާހަގަކުރެވިފައި ވެއެވެ.
އަދި ކޮންޓްރެކްޓް މެރިޖް (މެރިޖް އޮފް ކޮންވީނިއަންސް) އިތުރުވެފައި ވުމައި އަދި ކުޑަކުދީންނަށް ޖިންސީގޯނާ ކުރުން އިތުރުވެފައި ވުމައި، އަދި ސީދާކޮށް ބިދޭސީންނައި ގުޅުންހުރި ބަދު އަޚްލާގީ އަމަލުތަކާއި ރާފައިގެން ހިންގަމުން ގެންދާ ހަށިވިއްކުމުގެ ހަރަކާތްތައް އާދަޔާ ޚިލާފަށް އިތުރުވެފައި ވުމާއި، އަދި ހިއުމަން ޓްރެފިކިންއާއި ކިޑްނެޕް ކުރުމާއި އޮޅުވާލައިގެން ސައްހަނޫން އެޖެންޓުން ބޭނުންކޮށްގެން (ރޯޑް އެޖެންޓުން) ބަގްލަދޭޝް މީހުން އެތެރެކޮށް ފިލުވުން ނުވަތަ ނަގާލުމައި، އަދި އުމުރުންހަގު ކުދިންގެ އުމުރު އޮޅުވާލައިގެން ރާއްޖެއަށް ވަޒީފާއަށް އެތެރެކުރުން ފާހަގަ ކުރެވިފައި ވެއެވެ. އަދި މިހާރަކަށް އައިސް ޑްރަގްޓްރެފިކް ކުރުން ބިދޭސީންގެ އަތްމައްޗަށް ވާރުތަވެފައި ވާކަން ޚާއްސަކޮށް ފާހަގަކޮށްލަން ޖެހެއެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ޚާއްސަކޮށް…… (އެތެރެވަރީގެ ގައުމެއްގެ) ގެ ރައްޔިތުން ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާ ތަކެތީގެ ވިޔަފާރިކުރުން ވަނީ، ފުދޭވަރަކަށް އިތުރުވެފައެވެ.
އަދި މިފަދަ ފަރާތްތައް މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ދިވެހި ގޭންގުތަކާ ގުޅިގެން ހަރަކާތްތެރި ވާކަން ފާހަގަ ކުރެވިފައި ވެއެވެ. އަދި މަދުން ނަމަވެސް ބިދޭސީންގެ އަމިއްލަ ސެލްތައްވެސް އުފެދިފައިވާކަން ވަނީ، ފާހަގަ ކުރެވިފައެވެ. އިންޓަރނެޓް ބޭންކިން ސިސްޓަމް ތަކަށާއި ސައިބަރއެޓޭކް އާއި ކޮންޕިއުޓަރ ނެޓްވާރކް އެޓޭކް ފަދަކަންތައް ކުރުމުގައި ބިދޭސީން ހަރަކާތްތެރި ވާކަން ވަނީ ފަޅާއަރާފައެވެ. އަދި އިމިގްރޭޝަން ވިސާކާޑު ވަގަށް ހެއްދުމާއި އަމިއްލަ ފަރާތަކުން އަގެއްދީގެން ވަގަށް އާކާޑު އުފެއްދުން ކަހަލަ ކަންކަންވެސް ވަނީ ފަޅާއަރާފައެވެ.
ސިޔާސީ ގޮތުންވާ ގެއްލުން:
އަވަށްޓެރި ބައެއް ގައުމުތަކުން އެއްވެސް ހައްދެއްނެތި، ގިނައަދަދަކަށް ބިދޭސީ މަސައްކަތު މީހުން ރާއްޖެއަށް އަދިވެސް ގެންދަނީ އެތެރެ ކުރެވެމުންނެވެ. އަދި އެކަމަށް ރާއްޖޭގައި ތިބޭ އެގައުމުތަކުގެ …….. (ސިޔާސީ މީހުންގެ) ފެންވަރުން ވާގިވެރިވަމުން ގެންދެއެވެ.
އާދެ! ދިވެހިރާއްޖެ، އައިއެލްއޯގައި ބައިވެރިވެފައިވާ އިރު ވިސްނާލަން ޖެހޭ ބައެއް މުހިންމު ނުކުތާތައް އެބަހުއްޓެވެ. ސިޔާސީ ވިސްނުމެއްގައި ނަމަވެސް ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންނަށް ވޯޓުދިނުމުގެ ހައްގުހޯދުމަށް ބިލެއްކަހަލަ ކަމެއް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައިވާ ބަޔަކު ފާސްކޮށް، ސިޔާސީ ފައިދާއެއް ހޯދަން މަސައްކަތް ކުރުމަކީ ވެސް ފަހަރުގައި ވެދާނެ ކަމެކެވެ. މިއީ ދުނިޔޭގެ ބައެއްގައުމު ތަކުގައި ހިނގާފައިހުރި ކަންތަކެވެ. ޚާއްސަކޮށް …. (އަވަށްޓެރި ގައުމެއް) ދަރިކޮޅަކީ، މިކަމުގައި ފާހަގަކޮށް ލެވޭ ވަރަށް ގަދީމީ ދަރިކޮޅެކެވެ. މުޅި ދުނިޔެއަށް ފެތުރިފައި ތިބި ބައެކެވެ. އަދި ޓްރޭޑް ޔުނިއަނެއް ކަހަލަކަމެއް މިރާއްޖޭގައި އުފެދި، އެމީހުންގެ ޑިމާންޑްތަކަށް ކަންކަން އިސްލާހު ކުރުމަށް ހުށަހެޅުން، އަދި އެކަންކަން ނުވެއްޖެނަމަ، މުޅިގައުމު ހުއްޓޭކަހަލަ ގޮތަކަށް ބޮޑެތި ސިޔާސީ މުޒާހަރާ ކުރުމާއި ރާއްޖޭގެ އެކޮނަމީ ކިޑްނެޕްކުރުން ކަހަލަކަމެއް ވުން ގާތްކަމަށް ބެލެވެއެވެ. ކުދިފިހާރަ ތަކުގެ ވިޔަފާރީގައި މިހާރުވެސް ގިނައީ ބިދޭސީންނެވެ. އަދި ބިދޭސީންގެ އަތްމައްޗަށް ޓެރަރިޒަމް ވާރުތަ ކުރުމަކީ، ދުރުކަމެއް ނޫނެވެ. އެއްގަމު ފޭރުމާއި ކަނޑުފޭރުމުގައި ބިދޭސީންގެ ހަރަކާތްތައް ވަނީ، ފާޅުގައި އަތުންހިފި ފައެވެ. ދުނިޔޭގެ ފެންވަރަށް ފޭރުމާއި ޓެރަރިޒަމަށް ޓްރެއިންވެފައި ތިބި، އަދި ހަވާލުވާނެ ފަރާތެއް ނެތިފައި ތިބި އެފްރިކާއަށް ނިސްބަތްވާ ތިރީހަކަށް ވުރެގިނަ މީހުން މިހާރުވެސް ރާއްޖެއިން ހިމާޔަތްދޭން ޖެހޭ ހިސާބުގައި އެބަތިއްބެވެ. (މިހާރުވަނީ ޔޫއެންގެ ބެލުމުގެދަށުން ގެންގޮސްފަ) އަދި ރާއްޖެއިން ބޭރުކޮށް ލެވޭނެ ގޮތެއް ނެތިފައި ހުރި ސީނުކަރަޔަށް ނިސްބަތްވާ ދީނީ ފިކުރެއްގެ މީހެއްވެސް ރާއްޖެއަށް ބަލަދުއަރާފައި އެބަހުއްޓެވެ. ވޯކްވިސާގައި ރާއްޖެއަށް މަސައްކަތު ގެނެވޭ ބިދޭސީންގެ ތެރެއިންލާފައި ރާއްޖެއަށް ދީނީގޮތުން ހައްދުފަހަނައަޅާ ދިއުން (އެކްސްޓްރީމިޒަމް އާއި ރެޑިކަލައިޒޭޝަން) ފެތުރި އާންމުވެ، އެކަމަށް ވާގިވެރިވުން ލިބިގެންދާކަން ފާހަގަ ކުރެވިފައި ވެއެވެ.
ދާދިފަހުން މާލޭގެ ގުދަނެއްގައި މަސައްކަތް ކުރުމަށް ވޯކްވިސާގައި އެތެރެ ކުރެވިފައި ހުރި މީހަކު ދެއަހަރު ވަންދެން، ގދ. ތިނަދޫ މިސްކިތެއްގައި މުދިމުކަމާއި އިމާމުކަން ކޮށްދީފި އެވެ. އަދި ދީނީ ފިކުރަކަށް ތަބާވާ އޭނާގެ ރައްޓެއްސެއް ޓުއަރިސްޓް ވިސާގައި އެތެރެކޮށް އެހިސާބުގެ ބައެއް މީހުންނަށް ދީނީ ނަސޭހަތްދީ ހަދާފައިވާކަން ވަނީ، ފަޅާއަރާފަ އެވެ. ވަކި ގައުމަކުން ޚާއްސަކޮށް މުސްލިމް އާބާދީއެއް އެކުލެވޭ، އެތެރެވަރީގެ ގައުމަކުން މިހާގިނަ ބަޔަކު ރާއްޖެ އެތެރެވެ ރާއްޖޭގައި ދިރިއުޅުމަކީ، ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކުރިމަތި ވެދާނެ ކަމެއްކަމަށް ގަބޫލު ކުރެވެއެވެ. މިގޮތުން …… (އަވަށްޓެރި ގައުމެއް) ގައި ހަރަކާތްތެރިވާ ލަޝްކަރެ ޠައްޔިބާ (އަދި މިހާރު ޖަބްހަތުލްނުސްރާ) ފަދަ ޢަސްކަރީ ތަމްރީނު ލިބިފައިވާ ޖަމާއަތަކުން ތަމްރީން ލިބިފައިވަ މީހުން ރާއްޖޭގައި ހަރަކާތްތެރި ވަމުން ދިއުމަކީ، އެކަށީގެންވާ މަގްބޫލް ކަމެއްކަމުގައި ދެކެމެވެ.
މައިގަނޑު ސަބަބަކީ، މިޖަމާއަތައި، އަދި މިފަދަ އެހެން ޖަމާއަތްތަކަށް ނިސްބަތްވާ މީހުންގެ ހަރަކާތް ހުއްޓުވުމުގެ މަސައްކަތް …… (އެތެރެވަރީގެ ގައުމެއްގެނަން) ސަރުކާރުން އަމަލީގޮތުން ފަށާފައި ވުމެވެ. މިއީ އަޅުގަނޑުމެން ފަދަ، ކުޑަ ގައުމަކަށް އެހެން ގައުމެއްގެ އެއް ނަސްލެއްގެ އާބާދީއަކުން ތަފާތު ވައްތަރުތަކުގެ އެކިކަހަލަ ދީނީ އަދި ފަލްސަވީ ފިކުރުތަކާ އެކު ހައްދެއްނެތި އެތެރެވަމުން ދާއިރު، ކޮންމެހެން ވެސް ވިސްނާލަން ޖެހޭނެ ވަރަށް މުހިންމު ކަންތަކެވެ. މިފަދަ ކަންތަކާ ހެދި، ދިވެހީންނަށް ސިޔާސީ ގޮތުން ބިރުވެރިކަން ވަނީ، އިންތިހާއަށް ފެތުރިފައެވެ. މިކަންކަމަކީ، އެއްގޮތަކަށް ވެސް ސިއްރުކުރުން ބުއްދިވެރި އަމަލުތަކެއް ނޫނެވެ. ސަލާމަތްތެރި ސުވަރުގެއެއްގެ ގޮތުގައި ދެކެމުންއައި ދިވެހިރާއްޖޭގައި މިއަދު ވަނީ، ބިދޭސީންލާމެހި ޝާމިލްވާގޮތަށް ހަރުކަށި ފިކުރުގެންގުޅޭ، “ވައެލަންޓް އެކްސްޓްރީމިސްޓް އޯގަނައިޒޭޝަންސް” ތަކެއް އުފެދި، ދިވެހި މުޖްތަމައުގައި ބިރެއްނެތި ފާޅުގައި ބޮޑެތި ޖަރީމާތައް ހިންގަންފަށާފަ އެވެ.
ދިވެހި ރާއްޖޭގައި ޓެރަރިޒަމާއި ޕައިރެސީއާއި ނާކޮޓިކްސް ސްމަގްލިން ހަރަކާތްތަކުގައި ދިވެހިން އަޑީގައި ތިބެގެން ބިދޭސީން ހަރަކާތްތެރި ވާކަން، އެއްފަހަރަށް ވުރެ ގިނައިން ސާބިތުވެފައި އެބަހުއްޓެވެ. އެތެރެވަރީގެ އިސްލާމީ ގައުމެއް ކަމުގައިވާ، …… (އަވައްޓެރި ގައުމެއްގެނަން) އިންނާއި ….. (އަވައްޓެރު ގައުމެއްގެ ނަން) ގެ މުސްލިމް ޖަމާއަތްތަކުން ރާއްޖެއަށް އެކިތަންތަނުގައި މަސައްކަތް ކުރުމުގެ ނަމުގައި އެންޕްލޮއިމަންޓް އެޕްރޫވަލް ހައްދައިގެން، މަސައްކަތު މީހުންގެ ގޮތުގައި އެތެރެކޮށް، އެފަދަ މީހުން ލައްވައި މިސްކިތްތަކުގައި އިމާމުންގެ މަސައްކަތް ކުރުވާފައި ވާކަން ފަޅާއަރާފައި އެބަހުއްޓެވެ. އަދި ޓުއަރިސްޓް ވިސާގައި މިފަދަ އެކްސްޓްރީމިސްޓުން މިރާއްޖެއަށް އެތެރެވެ، އެވެރީން ބޭނުންވާ ދީނީ ފިކުރުތައް ފެތުރުމުގެ މަސައްކަތުގައި އުޅެނިކޮށް ބޭރުކުރަން ޖެހިފައި އެބަހުއްޓެވެ. އެއްދޮރުން އަނެއްދޮރަށް (ދޮރުންދޮރަށް) ފައިމަގުގައި ހިނގުމުންނާއި އަޑުގަދަކުރާ ބޭނުންކޮށްގެން ވެހިކަލްގައި ދުއްވައިގެން މުޖްތަމައު ތެރޭގައި މިފަދަ މެސެޖުތައް ދާޚިލީގޮތުން ފެތުރުމުގެ ދޮރުތައް ވަނީ، ވަރަށް ތަނަވަސްކޮށް މިނިވަންކަމާ އެކު ހުޅުވިފައެވެ.
އަދި މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާލާނެ ބަޔަކު، އަދި އިދާރާއެއް ނެތެވެ. އެކިވަސީލަތްތައް މެދުވެރިކޮށް މިހާރުވެސް މިފަދަ ކަންތައް ހިންގަމުންދާތަން ފެނެއެވެ. އަދި އިލީގަލް ރޭޑިއޯ އޮޕަރޭޝަންސް ހިންގަން ފަށާނީ މާދަމާ ނުވަތަ މިއަދަށް ވެފައިވާކަން ފާހަގަކުރަމެވެ. މަސްވެރިންގެ ގޮތުގައި ކަނޑުތަކުގައި އުޅެމުން އެހެން މަސްވެރިންނަށް މިފަދަ ރޭޑިއޯ އޮޕަރޭޝަނެއް ވަރަށް ފަސޭހައިން ހިންގިދާނެއެވެ. އެފެންވަރުގެ މާހިރުން ގޭންގްގުތަކުގައި ހިމެނެއެވެ.
ރިޕޯޓު ނިމުނީ!
ފަހެ، މިހާރުކަންކަން ހުންނާނީ، 2010 ވަނަ އަހަރަށްވުރެ މާކުރިއަށް އަރާފައެވެ. އެޑްވާންސް ވެފައެވެ. ބިދޭސީންގެ އަމަލުތަކާ ގުޅޭ ރިޕޯޓެއް ހަދާލުމުން ސާފުވެގެން ދާނެއެވެ. ދިވެހީން ޒަމާނުއްސުރެ ކުރަމުން އައި ދޮށީގެ މަސްވެރިކަމުގައާއި އޮޑިދޯނި ފަހަރުގެ ކައްޕީތާނުކަމާއި ފަޅުވެރި ކަމަކީ، އަދި ފަޅުރަށްތައް ބެލެހެއްޓުމަކީ، އިލީގަލް އިމިގްރަންޓުން އާންމުކޮށް ކުރާކަންކަމެވެ. ފުރިހަމަ ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއެއްއޮވެ، އޭގެދަށުން ގައުމުގެ ހުރިހާތަނެއް ބެލެހެއްޓި ހުރިހާ ކަމެއް ނުކުރެވޭހާ ހިނދަކު މިކަން އޮންނާނީ މިގޮތަށެވެ. ބޮޑުތްރެޓް އަކަށެވެ.
ފަހެ، ރައީސް ވަހީދުގެ ދުވަސްވަރުގައި ޒުވާން އަދި މިލިޓްރީ ޓްރެއިންޑް ވަޒީރު، ކާނަލް ނާޒިމްގެ ބެއްލެވުމުގެ ދަށުންނާއި އޭގެ ކުރިން ރައީސް ނަޝީގު ދުވަސްވަރުގެ ވަޒީރު އަތިރީގޭ އަމީން ފައިސަލްގެ ބެލެހެއްޓެވުމުގެ ދަށުން ބައިނަލް އަގުވާމީ ފަރާތްތަކައި ގުޅިގެން ޚާއްސަކޮށް އެމެރިކާ އާއި އޮސްޓްރޭލިޔާ އާއި ކެނެޑާއައި ގުޅިގެން ވަރަށް ތަރޯކޮށް ރާއްޖޭގެ މިފަދަ އިޝޫތަކަށް ދިރާސާތައް ކުރެވުނެވެ. ޚާއްސަކޮށް ރާއްޖޭގެ އެންމެބޮޑު މާކެޓް ކަމުގައިވާ ޓުއަރިޒަމް އިންޑަސްޓްރީޒަށް އޮތް ޓެރަރިޒަމް ތްރެޓް، އަދި ދީނީފިކުރުގެ ސަބަބުން އޮތް ޓެރަރިޒަމް ތްރެޓްތަކަށް ނަޒަރުކޮށް ވިސްނުމަށް، ސެމިނާތަކާއި ބައްދަލުވުންތައް ބޭއްވި އެކިއެކި ދިރާސާ ޑްރާފްޓްތައް ހެދުނެވެ. އެންމެބޮޑުކޮށް ރިސްކްއޮތް ދިމާތައް ދެނެގަނެވުނެވެ.
އަދި އެކަންކުރާނެ ބައެއް އަމަލީ ތަމްރީނުތައް ވެސް ދިވެހި އޮފިސަރުން ލައްވައި އަމަލީގޮތުން ހައްދުވައި ހެދިއެވެ. އެހެނަސް ހިތާމައަކީ، އަދިވެސް އެކަންކަމާ މެދު އެޅިފައި ހުރި ސަލާމަތީ ގޮތުން ޒިންމާދާރު ފިޔަވަޅުތައް ފެންނާކަށް އަދި އެނގޭކަށް ނެތެވެ. ޒުވާނުންނަށް އެކަންކަން ދިރާސާ ކުރަން ނުލިބޭތީއެވެ. ބަލައިލަން ކިޔާލަން ނުލިބޭތީއެވެ. ބޮޑުސިއްރު ގޮތުގައި ފޮރުވުނީ ކަންވެސް ނޭގެއެވެ. ހަމަ ގައިމުވެސް ފެންނާކަށް ނެތެވެ. ފިޔަވަޅުއެޅި އަމަލު ކުރެވޭގޮތަށް ތައްޔާރަކަށް ނެތެވެ.
އަދި ހަމައެހެންމެ އެކްސްޓާނަލް އިންފުލުއަންސް އަދި އޯވަރ ޑިފެންޑެންސް ފާހަގަކުރަމެވެ. އަދި އޯގަނައިޒް ކްރައިމްސް އާ ގުޅިފައި އޮންނަ ސިޔާސީ އެފިލިއޭޝަން ތަކަކީ، އިންތިހާއަށް ނުރައްކާތެރި ޗެލެންޖެކެވެ. ރިސްކުބޮޑު ކަމެކެވެ. ތްރެޓްއޮތް ކަމެކެވެ. ބޮޑުބިރެކެވެ. އަދި ހަމައެހެންމެ ގިނަގޮތްގޮތުން ބަލިކަށި ނިކަމެތި ޢަސްކަރީ ގޮތުން ބަލިކަށި، ވީކް ކުކުޅެދޭ ދައުލަތަކަށް އަޅުގަނޑުމެން ވާހިނދު، އެކްސްޓްރިމިޒަމަށް ތާއީދުދީ ސަޕޯޓުކުރުމަކީ ވެސް، ހައިރިސްކު ޗެލެންޖެކެވެ. ހައިލެވަލް ތްރެޓެކެވެ. އަދި ފިކުރީ ގޮތުން ހައްދުފަހަނަ އަޅައި ދިއުމާއި މަނީލޯންޑަރިންނަކީ، ގައުމީ ސަލާމަތަށް އޮތް ރިސްކުހުރި ޗެލެޖްތަކެވެ. ވަގުތުން ވަގުތަށް ހައްލު އީޖާދުކުރެވި، އަތްމަތީގައި ތައްޔާރީ ހާލަތުގައި ތިބެގެންނޫނީ މިންޖުވާކަށް ނެތެވެ. ސިޔާސީ ކޯޅުމުގައި ގައުމީރޭވުމެއްނެތި ދެމިތިބެވޭކަށް ނެތެވެ.
ފަހެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނޭޝަނަލް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޕޮލިސީއެއް އަބަދުވެސް ރިވައިސް ކުރެވޭގޮތަށް ތައްޔާރަށް އޮންނަން ޖެހޭނެއެވެ. އަދި ފަސޭހައިން އާންމުންނަށާއި ކިޔަވާކުދިންނަށް އެ ކަރުދާސްތަކަށް ވާސިލްވެވޭ ގޮތެއް ހަމަޖައްސާފައި ބާއްވަން ޖެހޭނެއެވެ. މިހާރު މިވާގޮތަކީ، ބޭރުގެ އެހީތަކުން އެކަން ކުރެވޭތީ ސަމާލުކަން ނުދެވި، ސިޔާސީ ކޯޅުންތަކަށް ސަލާމަތީ ބާރުތަކުން ވެސް ޖާގަދެވޭތީ މިފަދަ ގައުމަށް މުހިންމު ސެންސިޓިވް އަދި ހައްސާސީ ކަންކަން ހުންނަނީ ވަޅުޖެހިފައެވެ. ފަހަތަށް ސޮއްސާ ލެވިފައެވެ. ހިންގަން ބޭނުންވާ ގޮތަށް ހިންގާތަނެއް ނުފެނެއެވެ. އޭގެ ބޮޑުފައިދާ ނަގަނީ ބިދޭސީ ބާރުތަކުންނެވެ.
ފަހެ، ދަންނާށެވެ! އެފަދަ ސިޔާސަތަކީ، ގްލޯބަލައިޒް ދުނިޔޭގައި އެއްގައުމުން އަނެއްގައުމައި ލާމެހިފައިވާ، އެންމެން ގުޅިގެން ހިންގައި ތަންފީޒު ކުރެވޭ ރައްކާތެރި ކަމަކަށް ވާންޖެހޭނެއެވެ.
އާދެ! މިހާ ހިސާބުން ސަލާމަތީ ބާރުތެރޭގައި އިތުރަށް އަޅުގަނޑަށް ފާހަގަ ކުރެވިފައިވާ އެހެން ވާހަކައެއް ދަންނަވާނަމެވެ. ޒަމާނުއްސުރެ ދިވެހި ސިފައިން ތެރޭގައި ގައުމީ ލޯތްބާއި ކުލުނު ވަރަށް ބޮޑަށް، ހިތްތަކާއި ސިކުނޑީގައި ބޮޑުކޮށް ބިންވަޅުނެގި، އަށަގެންފައި ފެންނަން އެބަ އޮތެވެ. އަދި އެލަޝްކަރަކީ، ދީނީގޮތުން އަގީދާ ވަރަށް ވަރުގަދަ ކުރެވިފައިތިބޭ ބައެކެވެ. މަރުވާން ތައްޔާރަށް ތިބޭ ބައެކެވެ. މިހާރުވެސް އެކަންބާރަށް އެބަހިންގައެވެ. ކުރިޔަށް ދެއެވެ. ގައުމީ ޖިހާދަށް ފަސްނުޖެހުމަށާއި ﷲގެ މަގުގައި ޝަހީދުވުމުގެ ލޯތްބާއި ވާދަވެރިކަން ފިކުރާއި ފުރާނައަށް ވައްދައިދެވެ އެވެ. ނަމާދުކުރުމަށް ބާރުއަޅާއި ރޫހާނިއްޔަތު ތާޒާކުރުމަށް އިންތިހާއަށް މަގުފަހިކޮށް ދެވެއެވެ. ޖަމާއަތުގައި ނަމާދުކުރުމަށް ދިފާއީ ކޮންމެ މަރުކަޒެއްގައި މިސްކިތްތައް ބިނާކޮށް ދެވެއެވެ. އަދި ޖަމާއަތުގައި ނަމާދު ކޮށްދޭނެ އިމާމުން އުފެއްދުމަށް އެފަދަ ކޯސްތަކަށް އޮފިސަރުން ފޮނުވައި ހަދައެވެ. ޓެރޭނިން ދެއެވެ. ގުރުއާން ކްލާސްތަކުގައި ބައިވެރި ކުރުވައެވެ. ހުރިހާ ޖަލްސާތައް ފެށުމުގައި ގުރުއާން ކިޔެވުމާއި މާނަކިއުން، އަދި ނިންމުމުގައި، ﷲ އަށް އިޚްލާސްތެރި ވުމަށް އަޒުމް ހަދާންކޮށްދީ، ދުއާކުރުން އޮންނާނެ އެވެ.
ފަހެ، މިއީ ދިވެހިގައުމީ ސިފައިންތެރޭގައި ދެމެމުން އަންނަ އަދިވެސް ނުފިލާއޮތް ގައުމީ ރީތިއާދަކާދަ އެކެވެ. އޭގެ ނަތީޖާވެސް ކާމިޔާބުކޮށް ފެނިފައި އެބަހުއްޓެވެ. މިހާތަނަށް ބޭރުގެ ފަރާތްތަކާ އެކު ހަތިޔާރުން ކުރިމަތިލާން ޖެހުނުކޮންމެ ފަހަރަކު ފަސްޖެހުން ނުފެނި ކުރިއަރާއި ހަމަލާދީފައި އެބަހުއްޓެވެ. އެހެންވެފައި ވުމުން، މި އާދަކާތަކުގެ ސަބަބުން ދިވެހި ގައުމީ ދިފާއީބާރުން ތައްޔާރުކުރާ ގައުމީ ސިޔާސަތެއްގައި އަގީދާގެ ބަޔާއި ގައުމީ ވަންތަބައި ބޮޑުކޮށް މާސިންގާކޮށް ފެންނާން އޮތުމަކީ، އަޖައިބެއް ނޫނެވެ. އަޅުގަނޑު މެންނަކީ، ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާތީ، ރޫހާނީ ބަޔާއެކު ދުނިޔޭގެ ބާރުތަކާ ގުޅުމާއި މައުލޫމާތުތައް ބަދަލުކުރުމާއި ޒަމާނީ ޢަސްކަރީ ވިޔުގައެއް ސިޔާސީ ކަންކަމުން ދުރުގައި ތިބެ، ގައިމުކުރެވޭ ދުވަހަކުން، ތިޔަވިދާޅުވާ، އަދި ތިޔަފެނިވަޑައި ގަންނަވާ ކަހަލަ ގައުމީ ސަލާމަތީ ޕޮލިސީތައް ވެސް ފެނިގެން ދާނެކަން ކަށަވަރެވެ.
ފަހެ، އެއީ ވެރިކަމުގައި ހުންނަވަކި ރައީސެއްގެ ފިކުރީ ވިސްނުމުގެ މައްޗަށް ބިންގާ އެޅިގެންދާނެ އިމާރާތެއް ނޫނެވެ. ރައީސް ނަޝީދު ވެސް ރައީސް ވަހީދު ވެސް ރައީސް މައުމޫނު ވެސް ބްލޭމް ކުރެވޭކަށް ނެތެވެ. މަތީ ތައުލީމާއި ޢަސްކަރީ ޓްރޭނިންތައް އިތުރުވި މިންވަރަކުން ތިޔަފަދަ ޕޮލިސީތައް އިތުރަށް ފުރިހަމަވެގެން ދާނެކަން ޔަގީނެވެ.
އަޅުގަނޑު ގަބޫލުކުރާގޮތަކީ، އެންމެން، އަދި ހުރިހާ ގައުމުތަކެއް ގުޅިގެން ހަދާ ޕޮލިސީއަކަށް އަމަލު ކުރެވިގެންނޫނީ އެއްވެސް ގައުމެއް ޒަމާނީ ޓެރަރިޒަމުން މިޒަމާނުގައި މިންޖެއް ނުކުރެވޭނެ ކަމެވެ. ތިޔަ ސުވާލު ކުރެއްވީތީ ޝުކުރު ވެރިވަމެވެ!
ސ، ހައެއް: ރައިސް ނަޝީދު، 21 ފެބްރުއަރީ 2011 ގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރމަންޓުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް، އިލްޔާސް ބަދަލު ކުރައްވާއި އެތާގައި ހުންނެވި ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝާހިދު ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް، އިލްޔާސް ހުންނެވި މަގާމަށް ބަދަލުކޮށް އެބަދަލު ގެންނެވިއެވެ. މިބަދަލަށް ފަހު، އިލްޔާސް ވަނީ، އިމިގްރޭޝަން ޑިޕާޓްމަންޓާ ބެހޭ ބައެއް އިޝޫތަކަށް ވަރަށް ފާޅުގައި ވާހަކަ ދައްކާފައެވެ. އިމިގްރޭޝަނުގައި ހުންނެވި އިރު، އެވާހަކަތައް އެރާގަށް ނުދެއްކެވީ ކީއްވެތޯއެވެ؟ އަދި ރައީސް ނަޝީދު މަސައްކަތް ކުރެއްވީ، އިލްޔާސް އާއި އަބްދުﷲ ޝާހިދު އާ ދެމެދު ހަމަކޮށްތޯ، ގަބޫލު ކުރައްވަން ތޯއެވެ؟
ޖ، ހައެއް: މިސުވާލަށް އެންމެ އެކަށީގެންވާ ޖަވާބަކީ، 14 މާޗް 2011 ގައި އަޅުގަނޑު ރައީސް ނަޝީދަށް ތިޔަހޫނުގަނޑުގެ ތެރޭގައި ހުރިހާކަމެއް ހިމެނޭ، އަދި މަންޒަރެއް ސިކުނޑީގައި ތާޒާކޮށް ހަނދާނުގައި ހުއްޓައި ލިޔުނު ސިޓީއެވެ. އެސިޓީގައި، 21 ފެބްރުއަރީ 2011 ގައި އަޅުގަނޑުގެ މަގާމަށް، ރައީސް ނަޝީދު ގެންނެވި ބަދަލާއި އެބަދަލުގެ ކުރިއާއިފަހަތް ވަރަށް ހޫނުކޮށާއި ސާފުކޮށް ހިތުގެ އެންމެފުންމިނުން ގެނެސްދީފައި ވާތީ، އެސިޓީގެ ފައިނަލް ޑްރާފްޓް މިސުވާލުގެ ޖަވާބަކަށް ވިދާޅުވެ ލެއްވުމަށް މިތާގައި ގެނެސް ދޭނަމެވެ. ވަރަށް ޝުކުރިއްޔާ!
ބިސްމިއްލާހިއްރަޙްމާނިއްރަޙީމް.
މ.ޖަވާހިރުވާދީ
މާލެ.
ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދަށް.
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ސިޔާސީ ގޮތުން އަޅުގަނޑާ ދޭތެރޭގައި ކަންތައް ހިނގާދިޔަ ގޮތާމެދު، ދަންނަވާލަން ޖެހޭ މުހިންމު ވާހަކަތަކެއް ހުރުމުން މިސިޓީލިޔަން އަޅުގަނޑަށް މަޖްބޫރުވީއެވެ. އަޅުގަނޑު ބޭނުންވީ ހޫނުކަން މަތީގައި މިވާހަކަތައް ސީދާ އަނގަބަހުން ރައީސް ނަޝީދުގެ ކުރިމަތީގައި އިނދެގެން ކިޔައިދޭށެވެ. އެހެނަސް އެފުރުސަތު އެއްގޮތަކަށް ވެސް މަނިކުފާނު އަޅުގަނޑަށް ނުދެއްވީއެވެ. ވަންހަނާކޮށް ފޮރުވިފައިއޮތް، އެކަމުގެ ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައި ގަންނަވާނީ ސީދާ މަނިކުފާނަށެވެ. އަޅުގަނޑު ފޯނުންގުޅަން އެޅެއުޅެވެސް ފޯނު ނުނެންގެވީއެވެ. އަދި އެސްއެމްއެސްގެ ޒަރީއާއިން ދެތިންފަހަރަކު ގުޅަން މަސައްކަތް ކުރުމުން ވެސް ޖަވާބެއް ނުދެއްވީއެވެ. މެޑަމްލައިލާ މެދުވެރިކޮށް އަޅުގަނޑު ފޮނުވި މެސެޖް ވަގުތުން އަންނިއަށް ރައްދުކޮށް ދެއްވިވާހަކަ މެޑަމްލައިލާ ވިދާޅުވިއެވެ. އަޅުގަނޑުގެ މަންމައައި ދެބެންގެދެދަރި މެޑަމްލައިލާ މެދުވެރިކޮށް ރައީސް ނަޝީދަށް ކުއްލި މެސެޖްފޮނުވަން ޖެހުމަކީ، މިއަދު މިގައުމުގެ ސިޔާސީ މަސްރަހުގެ ފެންވަރު އޮތްމިންވަރު ވަޒަންކުރެވޭ ރީތި މިސާލެކެވެ. ރައީސް އޮފީސް މެދުވެރިކޮށް ކަމާބެހޭ ސެކްޝަނުގެ ވެރިޔާ، އަލްއުޚްތު ރުގިއްޔާއަށް ދެފަރެއްގެ މަތިން ދަންނަވައި ގެންވެސް އެޕޮއިންޓްމެންޓެއްގެ ޚަބަރެއް ނުވީއެވެ.
އަދި އަޅުގަނޑު ޑިޕާޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރުމަށް، ރައީސް ނަޝީދު ނިންމެވި ވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވާންވެގެން ރައީސް އޮފީހުން ގުޅުއްވި، ކެޕްޓަން އަބްދުﷲ ސައީދު އަރިހުގައި ހަމައެވަގުތު ރައީސް ނަޝީދާ ވާހަކަ ދައްކާލަން އަޅުގަނޑު ބޭނުމޭ ދެންނެވުމުން، އަދި މިބަދަލު ގެންނެއުމުގެ ކުރިން ތިޔަކަންތައް ވެދާނެއޭ، އޭނާ އަޅުގަނޑަށް ވިދާޅުވެ ދެއްވިއެވެ. އެވަގުތު އޭނާ އިންނެވީ ރައީސް އަރިހުގައިކަން ފަހުން އަޅުގަނޑަށް އެނގުނެވެ. އަދި ހަމަ އެހިންދު އަޅުގަނޑުގެ މިއެދުން ރައީސް ނަޝީދަށް ފޯރުކޮށް ދެވުނުކަން އަޅުގަނޑަށް ފަހުން އެނގުނެވެ.
އެހެނަސް ރައީސް ނަޝީދު އަޅުގަނޑާ މިކަމުގައި ކުރިމަތިލައްވާއި ސީދާކޮށް ވާހަކަދައްކަވާ ލައްވަވަން ބޭނުންފުޅުވެ ނުލެއްވީ ސިއްރު ސަބަބުތަކެއް ފޮރުވިފައި ހުރެގެންނެވެ. އަޅުގަނޑު މިކަމާހެދި ނުލާހިކު ހިތާމަކުރީމެވެ. މިގައުމަށް މިވަނީ ކިހިނެތްބާވައޭ ހިތަށް އެރިއެވެ! އަޅުގަނޑަކީ މިއަދު މީހަކަށް ނުވިޔަސް މަނިކުފާނު އަރިހުގައި ވަށައިގެން ކޮރަޕްޓް މީހުންތަކެއް ނެތް ދުވަސްވަރު، އަޅުގަނޑަކީ ސިޔާސީގޮތުން ހިތްވަރުހުރި ކެރޭމީހެއް ކަމުގައި ބެއްލެވި ބެއްލެވުން މިހާރު ހަދުމަފުޅު ނެތުނީތީ ދެރަވީމެވެ. މިއީ މަނިކުފާނުގެ ފިނޑިކަމެވެ. ވެރިކަމަށް ތަސައްރަފު ނުފުދޭކަމެވެ. އަދި ތަޖްރިބާގެ މަދުކަމެވެ. ނުވަތަ އަބުރުވެރިކަމާއި ކިބުރުވެރިކަމުގެ އަލާމާތެކެވެ. އަދި މިފަދަ ކަންކަމީ މަނިކުފާނުގެ ހަލާކުކަން ގަބޫލު ކުރައްވާށެވެ. އަޅުގަނޑާ ސީދާކޮށް ވާހަކަ ދައްކަވާލައްވަން ކެރިވަޑައި ނުގަތީއެވެ. އަޅުގަނޑަށް ޔަގީނެވެ. ކޮންމެވެސް ސަބަބެއް ފަހަތުގައި ވަންހަނާކޮށް އޮންނާނެއެވެ. ކޮރަޕްޓް ބައެއްގެ ދަށުވެ މިހާމިންވަރަށް މަނިކުފާނު ގެނބިގެން ދާނެކަމުގައި މީގެކުރިން ދުވަހަކުވެސް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ.
ފަހެ، މިކަމުން އަޅުގަނޑުގެ ޒަމީރަށް ސާބިތުވެގެންދިޔަ އެންމެބޮޑު ދަލީލަކީ، ކުރިންވެސް އަޅުގަނޑު ހީކުރިގޮތަށް އިމިގްރޭޝަނުން އަޅުގަނޑު ބޭރުކުރުމުގެ މަސައްކަތްތައް އެކިސިފަސިފާގައި އެކިއެކި ފެންވަރުގައި އެކިބައްޓަމަށް ރާއްވަވަމުން ގެންދެވި ގެންދެވުމުގެ އެންމެއަޑީގައި، މުގުލުގައި ހުންނެވީ ސީދާ މަނިކުފާނުކަމެވެ. ރާއްޖޭގައި އުފެދުނު އިސްލާހީ ހަރަކާތް ކަމުގައިވާ، އެމްޑީޕީ ސާފުސީދާ މަގުންކެހި ކޮރަޕްޓް މީހުންގެ ނުފޫޒު ޕާޓީތެރޭގައި އާރުލާގަދަވެ، އެމްޑީޕީ ހަރަކާތް ކަޅުއަނދިރީގައި މަންމަގެ ބަނޑުތެރޭގައި އޮތް ދުވަސްވަރާއި އުފަންވެ ޅަފަތުގައި ކުރިމަތިލާން ޖެހުނު ހުރިހާ އުނދަގޫދަތި މަސައްކަތެއްގައި ހިތްވަރުކޮށް، ކޮރަޕްޓް މީހުންނާ ހަމައަށް މިހަރަކާތް ވާސިލުވުމާ ހަމައަށް، ކުރަންޖެހުނު ހުރިހާކަމެއް ކުރުމުގައި ރެއާއިދުވާލާ އެކުގައިހެން، އެމްޑީޕީ އޮފީހާ ހަވާލުވެގެން އަޅުގަނޑު ހުއްޓާ، އެ އޮފީސް ތެރެއިން ނެރެބޭރުކޮށް ލުމަށް ވެސް މަނިކުފާނު ބޭނުންކުރެއްވީ، ހަމަ މިކަހަލަ ނާތަހުޒީބު އަދި ދަށުދަރައިގެ ކަންތަކެއް ނޫންތޯއެވެ! ހަދުމަފުޅަށް ގެންނެވުމުން ހަނދުމަފުޅަށް ގެންނެވޭނެ ކަން ކަށަވަރެވެ.
ފަހެ، މާފަންނު ޔާގޫތުގޭގައި ގޭބަންދުގައި އިންނަވައިގެން އެމްޑީޕީ އޮފީސް އަޅުގަނޑު ލައްވާ ހިންގެވި ދުވަސްވަރު ހަދުމަފުޅަށް ކުޑައިރުކޮޅަކަށް ގެންނަވާށެވެ. އޭރުން މިކަންތަކާއި މިމަންޒަރު ހަދުމަފުޅަށް އިއާދަވާނެކަން ކަށަވަރެވެ. އެދުވަސްވަރު އެ އޮފީސްތެރެއިން އަޅުގަނޑު ބޭރުކޮށްލުމަށް ބޯގަންވިލާ އިބުރާމެން ކަހަލަ އަމިއްލައެދުމުގެ ބަޔަކު އެރުވި ވަސްވާހާއި އެދުނު އެދުމަށް އެމްޑީޕީ އޮފީސްތެރެއިން އަޅުގަނޑު ބޭރުކުރުމުގެ މަސައްކަތް ވެސް ގެންދެވީ ހަމަމިގޮތަށެވެ. އެމްޑީޕީގެ ރައީސްކަމަށް ކުރިމަތި ލެއްވި، ޑޮކްޓަރ ވަހީދަށް ކުރެވުނު ސިޔާސީ ޖެއްސުމެއްގެ ގޮތުގައި ހަމަ މިބީދައިން ކަތިލާލެވުނީ އަޅުގަނޑެވެ. އެއްވެސް ތަފާތެއް ނެތެވެ. އަޑިއަޑިން ނުސީދާ ރޭވުންތަކެއް ރާއްވަވައި ގެންނެވެ.
އަދި އެއަށްފަހު އަޅުގަނޑު ކުރިމަތިލި މަގާމަކަށް ލާދީނީ އެންހެނަކު ލައްވާ ކުރިމަތި ލައްވާއި ސަޕޯޓްދީގެން ފެއިލް ކޮށްލީއެވެ. އިމިގްރޭޝަނުން އަޅުގަނޑު ބޭރުކުރުމަށް ވެސް ތިޔަރޭއްވެވީ، ހަމައެފަދަ މުޑުދާރު ގޮތްކުޑަ ރޭވުމެކެވެ. ޒަމާނާ ގުޅޭގޮތަށް މިއަށްވުރެ ތަހުޒީބުކޮށް، ސީދާމަގުން އަޅުގަނޑާ ދޭތެރޭގައި ފިޔަވަޅެއް އަޅުއްވަން ކެރިވަޑައި ނުގަންނަވައިގެން ތިޔައުޅުއްވާ ސަބަބަކީ ކޮބައިތޯއެވެ! ފަހަރުގައި އޭގެސިއްރަކީ، އަޅުގަނޑުމެން ދެމީހުންނަށް އެކުގައި ކުރެވިފައި ހުރި ގައުމީ މަސައްކަތްތައް އަދިވެސް ބައެއް ފަހަރު ހަދުމަފުޅަށް އައުންކަމުގައި ފަހަރުގައި ވެދާނެއެވެ. މިގޮތަށް ސިޔާސީ ކަތިލުންތައް އޮފްދާރު ގޮތަކަށް ކަތިލެއްވުމުގެ ބަދަލުގައި ސީދާ ކަތިލެއްވުމަކުން ކަތިލެއްވުމަށް އަޅުގަނޑު މިހުރީ، އަޅުގަނޑުގެ މައުސޫމް ހަށިގަނޑުގެ ނޭވާހޮޅި ކަމުގައިވާ ކަރުދިއްކޮށްގެން ތައްޔާރަށެވެ. ކެރިވަޑައި ގަންނަވަންޏައި މަނިކުފާނުގެ އަތްޕުޅުން ކަތިލެވޭށެވެ. އެއްވެސް ޖެހިލުމެއް ބިރެއް ނެތިއެވެ. އިސްތިއުފާ ދީފައި ފަހަތަކަށް ނުޖެހޭނަމެވެ.
މަނިކުފާނުގެ ސަރުކާރަކީ އަޅުގަނޑުގެ ވެސް ހިއްސާއޮންނާނެ ސަރުކާރެއްކަން އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރަމެވެ. އައްޝައިޚް މުހަންމަދު ޝަހީމު އަލީސައީދު ބްލެކްމެއިލްކޮށް ޕޮލިސް ހެޑްކުއާޓަޒަށް ހާޒިރުކޮށް ބިރުގަންނަވާލާއި އިސްތިއުފާއަށް މަޖްބޫރު ކުރެއްވިޔަސް، އަޅުގަނޑަކީ، އެފާޑަށް އިސްތިއުފާ ދީފައި ފަހަތަށްޖެހޭނެ ފިރިހެނެއް ނޫނެވެ. ނުސީދާކޮށް ގާނޫނީގޮޅިއަކަށް ފައްތާލައިގެން ޝަރުޢީހުކުމެއް އިއްވާލެވޭތޯ ބެލުމަކީ، މާޒީވެފައިވާ ސަގާފަތެކެވެ. މިހާރުގެ ޒަމާނީ ލިބަރަލް ޑިކޮކްރަސީގައި އެއީ ކުރެވޭނެ ކަންތަކެއް ނޫނެވެ. ކެރިވަޑައި ގަންވަންޏާ ކަނޑާލައްވާފައި މަގުމަތީގެ ސިޔާސީ ހަރަކާތަށް މަޖްބޫރުކޮށް ފޮނުވާލައްވާށެވެ. މަނިކުފާނުގެ ސަރުކާރު ތެރެއިން ބޭރުކޮށް ލައްވާށެވެ.
ފަހެ، އެއީ ކުރިންވެސް ދިވެހި ގައުމަށްޓަކާ އަޅުގަނޑު ކުރި މަސައްކަތެވެ. އެއީވެސް ގައުމީ ޖިހާދެކެވެ. އެއިރެއްގައި އޮންނަ ސަރުކާރެއް ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވުގެ މަސްއޫލިއްޔަތު އަދާކުރުމަށެވެ. އެއީ އަޅުގަނޑު ޖިސްމުގެ ކާނާއެވެ. ފުރާނައެވެ. އުފަލެވެ.
ފަހެ، ދަންނާށެވެ! ހަޑިމުޑުދާރު މަޖްބޫރަކުން ގަދަކަމުން މަޖްބޫރު ކުރުއްވައިގެން އެފަދަކަމެއް އަޅުގަނޑު ނުކުރާނެކަން، އެންމެކުރިން ދަންނާނެ ބޭފުޅަކަށް ވާންޖެހޭނީ، ސީދާ މަނިކުފާނެވެ. އަޅުގަނޑު މެންނަކީ ހުރިހާ ހާލަތެއްގައި ވެސް އެކުގައި އެއް ހަށިގަނޑެއް ހެން އުޅެފައި ތިބި އެކުވެރީންނެވެ. މަނިކުފާނުގެ ހިތްވަރާއި ކެރުމުން، ދިރުންގެނެސް ދެއްވި އިސްލާހީ ހަރަކާތުގައި މަނިކުފާނުގެ އެންމެގާތް އެއް އެކުވެރިޔަކަށް، އެންމެ ބޭނުންވި ދުވަސްތަކުގައި އަތްފޯރާފަށުގައި އަމަލީގޮތުން ގުރުބާން ވުމަށް އަބަދުވެސް ހުރީ އަޅުގަނޑަށް ވީތީވެ، ގަންނަލަދުފުޅުން ތިޔަރާއްވަވާ ކަހަލަ ސިޔާސީ ރޭވުންތަކާއި ސިޔާސީ ކަތިލެއްވުންތައް މިއަދު، ރާއްވަވަން ޖެހިވަޑައި ގަންނަވަނީ ކަމުގައި ވެދާނެއެވެ. މަނިކުފާނު އަރިހުގައި ތިއްބެވި ކޮރަޕްޓް ބޭބޭކަލުންގެ ރޭވުމަކަށް ވާތީ އަދި ހައްޕު ވިދާޅުވެގެން، މަޑުން ހުންނަވަން ޖެހިވަޑައި ގަންނަވަނީ ކަމަށްވެސް ވެދާނެއެވެ.
ފަހެ، ދަންނާށެވެ! މިފަދަކަމެއް ފަހަތުގައި ފޮރުވިފައި ނެތްނަމަ އެހެން މީހުންނެކޭ އަޅުގަނޑެކޭ އެއްވެސް ތަފާތެއް އޮވެގެން ނުވާނެއެވެ. ކުޑަދަހަރާގޭ އަލްފާޟިލް މުހަންމަދު ރަޝީދު، ކުޑާއަށް ހައްދަވާލެއްވި ގޮތް ވަގުތުން އަޅުގަނޑަށް ވެސް ހައްދަވާ ލައްވަންވީ ނޫންތޯއެވެ! އެހެނަސް އަޅުގަނޑާ ދޭތެރޭގައި އަބަދުވެސް މަނިކުފާނު ތިޔަގެންދަވަނީ ބޭރުފުށަށް ވަރަށް އޮފުދާރުކޮށް އޮފުކަން ވަރަށް ގަދަކޮށް އެހާމެ އޮމާންކޮށް ސާފުކަން ދައްކަވާއި ފޮރުވިގެން އެންމެއަޑީގައި ހުންނަވައިގެން، ބޮޑެތި ސިޔާސީ ރޭވުންތައް ސިއްރިއްޔާތުގައި ރާއްވަވައިގެން ސިޔާސީ ކަތިލެއްވުންތައް ކަތިލައްވަވަމުން ގެންދަވާތަނެވެ.
ފަހެ، މިއީ ވަރަށްނުލަފާ ނުބައިކަންބޮޑު ސިފައެކެވެ. ﷲ ލައުނަތް ލައްވާފައިވާ ސިފައެކެވެ. ފަހަތުން ބުރަކަށްޓަށް ޚަންޖަރުޖެހުން ކަހަލަފިނޑި ކަމެކެވެ. އެންމެއަނިޔާވެރި ޖާނީ ދުޝަމަނުން ހަދާހެން ރީތިޒަހަރެއް ދީގެން މަރާލުންފަދަ އަމަލެކެވެ. މިއީ އެއްގޮތަކަށް ވެސް، ތެދުވެރި ސިޔާސީ މީހުން ކުޅޭކަހަލަ ކުޅިއެއް ނޫނެވެ.
ފަހެ، ދަންނާށެވެ! ތިޔަވެރިކަމުގެ ނިމުން ހިތިވާނެއެވެ. އަސަރުތަކެއް ހުންނާނެއެވެ. ތިޔަސިފަތައް ބަދަލުކުރައްވާއި އަޅުގަނޑުމެން އިސްލާހީ ހަރަކާތްފެށި އިރު ގެންގުޅުނު ވިސްނުމަށް އަނބުރާ އަވަހަށް ރުޖޫއަވެ ވަޑައިގަތުމަށް އާދޭހާއެކު ދަންނަވަމެވެ. އާދޭސްކުރަމެވެ. އެނޫންގޮތަކުން ކާމިޔާބު ފެންނާކަށް ނެތެވެ. ގައުމު އިސްލާހު ކުރެވޭކަށް ނެތެވެ.
ރައީސް ނަޝީދެވެ! މަނިކުފާނަށް ވަރަށް ރަނގަޅަށް އަޅުގަނޑަކީ ކޮރަޕްޝަނާއި ފަސާދައައި ދުރު ގައުމީ މީހެއްކަން އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑަކީ ބައެއްގެ މުށުތެރެއަށް ގަދަކަމުން ވައްދާއި ފިއްތާލާއި އެބައެއްގެ ކޮރަޕްޝަނުގެ އޮއިވަރާއި މަޖަލުގެ ޖާދޫގައި ޖެހިގެން، އަޅުގަނޑުގެ ދީނީއަގީދާއާއި އަޅުގަނޑުގެ ގައުމިއްޔަތާއި އަޅުގަނޑުގެ ދިވެހިއްޔަތު ދޫކޮށްލާއި ނަފްސު ނަގާލާނެ މީހެއްނޫނެވެ. ކޮރަޕްޓް މީހުންގެ މާއްދިއްޔަތަށް ހެއްލިގެން ދާނެމީހެއް ނޫނެވެ. އެއަށްވުރެ ރޫހާނިއްޔަތަށް އަހުލުވެރި މީހެކެވެ. އަޒުމް ވަރުގަދަ ވާނެއެވެ. ނިޔަތް އިޚްލާސްތެރި ވާނެއެވެ. ދިވެހި ގައުމުދެކެ ލޯބިވާނެއެވެ. އަޅުގަނޑު އަބަދުވެސް މަސައްކަތްކޮށް، ބަލަމުންގެންދާނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް މަނިކުފާނު ހަވާލުކުރައްވާ ވަޒީފާއެއް ދިވެހި ގައުމަށްޓަކާ އަދާކޮށް ދެވޭތޯއެވެ. ހުވަޔާއި ފަތްކޮޅުގައި ލިޔެފައި ވާގޮތަށް އަމަލު ކުރުމުގައި ދެމި ހުންނާށެވެ.
މަނިކުފާނަށް، ﷲ ގެ އިރާދަފުޅުން ދިވެހިގައުމުގެ މުއްސަނދި ކަމުން ފުރިގެންވާ ވަރުގަދަ ތަހްތުގެ ހުންގާނު، ދުނިޔެ ނުލާހިކު ނާޒުކު ދުވަސްވަރެއް ކަޑަތު ކުރަމުންދާ ދަނޑިވަޅެއްގައި މިންވަރު ކުރެއްވުމާ އެކު، އަޅުގަނޑާ ކޮންމެ ގޮތަކުން ނަމަވެސް ހަވާލުކުރެއްވީ ވަރަށްބޮޑު ޒިންމާއެކެވެ. އެކަމާޝުކުރު ވެރިވަމެވެ. އެއީ ވަރުގަދަ ތަންފީޒީ މަސްއޫލިއްޔަތެކެވެ. ގައުމުގެ ސަލާމަތާ ގުޅިފައިވާ މުހިންމު މުއައްސަސާއެއްގެ ވެރިކަމެވެ. މުޅި ރާއްޖޭގެ ފާރަވެރި ކަމެވެ. ދިވެހި ގައުމުގެ ދޮރާށިތައް ބެލެހެއްޓުމެވެ. ސަރަހައްދީ ރޮނގު ހިމާޔަތް ކުރުމެވެ. ރާއްޖެއެތެރެވެ، އަދި ބޭރުވާ ހުރިހާ ފަރާތްތަގެއްގެ އެންމެހާ ކަންތައް ބެލެހެއްޓުމާއި މައުލޫމާތު ރައްކާކޮށް ސަލާމަތްތެރިކޮށް ބަލަހެއްޓާއި އެއްކުރުމުގެ ވާޖިބުތަކެވެ. އަދި މިއީ ގައުމީ ސަލާމަތާ ސީދާކޮށްގުޅޭ ޒިންމާދާރު މަސައްކަތެއްކަން ކަށަވަރެވެ. ކޮންމެ ހެންވެސް ގައުމީވަންތަ މީހަކާ ހަވާލުކުރަންޖެހޭ ވަރަށް މުހިންމު ވާޖިބެކެވެ.
ފަހެ، ދަންނާށެވެ! މިޒިންމާދާރު ބުރަމަސައްކަތް، އަޅުގަނޑު ގެންދިޔައީ ފުރަތަމަ ހުވާކުރި ދުވަހުން ފެށިގެންވެސް، އެއްވެސް މީހެއްގެ މޫނަކަށް، ކަނދުރާއަކަށް، ނަސަބަކަށް، ކުލައަކަށް ނުބަލާއި ސީދާ އެކަމަށް، ރަތްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައި އޮތް، ގާނޫނާއި އެގާނޫނުގެ ދަށުން އަޅުގަނޑާ ހަވާލުވިފަހުން ހަދާއި ގެޒެޓްކޮށްފައިވާ ގަވާއިދުތަކަށް ނަޒަރުކޮށް ބަލައިގެންނެވެ. ސިޔާސީގޮތުން އަންނަ ނޫފޫޒުތަކާއި މަހުޖަނުންގެ ބާރުތަކަށް އެއްވެސް ބެލުމެއް ނެތިއެވެ. އަޅާލުމެއް ނެތިއެވެ. ފަރުވާއެއް ނުކޮށެވެ. މިއީ ތެދެއްކަން އަޅުގަނޑުގެ މައްޗަށް އިސްކޮށް ހުންނެވި، އަޅުގަނޑުގެ ކަންތައް ބެލެހެއްޓެވި ދެވަޒީރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. އަދި އަޅުގަނޑާ އެންމެކާރިން މަސައްކަތް ކުރަމުން ގެންދެވި، އެމްއެންޑީއެފާއި ފޮލިސް ސަރވިސްގެ ކޮމިޝަނަރުންނަށް ވަރަށް ސާފުކޮށް އެނގިވަޑައި ގަންނަވާނެއެވެ. އެކަމުގެ ހައްގުތައުރީފު ލިބެންޖެހޭ ފަރާތްތަކުން މިހާރުވެސް ދަނީ، ހުރަހެއްނެތި އަޅުގަނޑަށް ލިބެމުންނެވެ. ﷲ ހައްގަށް ނަސްރުދެއްވަނީ މިބީދައިންނެވެ.
ފަހެ، ހަގީގަތާއެއްގޮތަށް ތެދެއް ދަންނަވަނީނަމަ، ކޮންމެބޭފުޅަކަށް ވިޔަސް، ދަންނަވަން މަޖްބޫރުވެ ވަޑައިގަންނަވާނީ އަޅުގަނޑުގެ މިބަދަލު ކުރުމަކީ، ބަޔަކުމީހުން ފޮރުވިގެން އަޑީގައި ތިބެގެން އިންތިހާއަށް ރޭވިގެންހިންގި ސިޔާސީ ކަތިލުމެއް ކަމަށެވެ. އަޅުގަނޑުގެ ފަރާތުން ކޮރަޕްޝަނުގެ މައްސަލަތަކެއް ހުރެގެން ކުރެއްވިކަމެއް ނޫންކަމަށެވެ. އަޅުގަނޑުގެ ފަސްބައިގައި ކޮރަޕްޝަނުގެ ދަމިލަޖަހާއި މުޑުދާރުވެގެން ރާއްޖެއިން ކޮރަޕްޝަން ފޮހެލައްވަން ވެގެން މަނިކުފާނު، އެޅުއްވި ފިޔަވަޅެއް ނޫންކަން މަނިކުފާނުގެ ދަށުން މަސައްކަތް ކުރައްވާ ކޮރަޕްޓް މީހުންނާއި ޕަޕެޓް އެކްޓިވިސްޓުންގެ މަދުބަޔަކު ފިޔަވާ، އެހެންހުރިހާ ދިވެހިންވެސް ރަނގަޅަށް ދަންނާނެއެވެ. އަދި އެކަމަށް ހެކިވާނެއެވެ.
އާދެ! އެންމެ ދެއަހަރު ދުވަހަށް ބަލާއިރު ދިވެހި އިމިގްރޭޝަނަށް އައިސްފައިވާ ބޮޑުބަދަލު އެނގިލައްވާނީ އެކަންދަންނަ މީހުންނަށެވެ. ގާތުންބަލަމުން ގެންދިޔަ އިޚްލާސްތެރި މީހުންނަށެވެ. އިމިގްރޭޝަނުގެ ހީވާގިކެރޭ އޮފިސަރުންނަށެވެ. އެއޮފިސަރުންނަށް އަޅުގަނޑު މަރްހަބާ ދަންނަވަމެވެ. ދެއަހަރު ދުވަހުގެ ތެރޭގައި މީގެކުރިން ދުވަހަކުވެސް އިމިގްރޭޝަނަށް ނުލިބޭފަދަ ކުރިއެރުން ތަކާއި ތަޖްރިބާތަކާއި ކޯސްތަކާއި އެކިއެކި އާލާތްތައް ހުންނާނީ އިމިގްރޭޝަނަށް ލިބިފައެވެ. އަދި މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް (އެމްއައިބީސީއެސް) އެމްޑީޕީގެ އެކްޓިވިސްޓުންގެ މަދުބައެއްގެ ހުތުރު ދަލުގައި ނުޖެހި ކުރިޔަށް ގެންދެވުނު ނަމަ، އެސިސްޓަމުގެ މީރުކަމާއި ފޮނިކަން މިހާރު ދިވެހި ރައްޔިތުންނަށް ލިބިގެންދާނެކަން ކަށަވަރެވެ. މިހިނގާ މާޗްމަހުތެރޭގައި އެޚިދުމަތް ލިބެންފެށީހެވެ. ހުރިހާ ޝަރަފެއް އޮންނާނީ މަނިކުފާނަށެވެ. ހުޅުވައި ދެއްވާނީ މަނިކުފާނުގެ އަތްޕިޅުންނެވެ. ދިވެހި އިމިގްރޭޝަނަށް އާއުޖާލާކަމެއް ގެނެވުނީހެވެ. އަމިއްލަ އޮފީހާއި އަމިއްލަގޭގައި ތިބެގެން އިންޓަރނެޓް މެދުވެރިކޮށް ވޯރކްވިސާ ފީދެއްކުނީހެވެ. ފަތިހުހޭލާ ތިބެގެން ކިޔޫހަދައިގެން ނަންބަރު ނަގާކަށް ނުޖެހުނީހެވެ. ބިދޭސީ މަސައްކަތުމީހާ ރާއްޖެއެތެރެވާ ހިސާބުން، އެއަރޕޯޓުން އެމީހުންނަށް އިމިގްރޭޝަން އައިޑީކާރޑު ދޫކުރެވޭނެ އެވެ. އަދި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ގޮތްނޭނގޭ ބިދޭސީއަކަށް ނޫޅެވޭނެއެވެ. އަދި ދުވަހަކުވެސް ލިބިފައި ނެތްވަރަށް އިމިގްޝަން ދާއިރާގެ ޗީފުންފަންތީގެ އޮފިސަރުންނަށް ބޭރުގެ ތަޖްރިބާތައް ހުންނާނީ ފޯރުކޮށް ދެވިފައެވެ. އަދި އޮސްޓްރޭލިޔާ ސަރުކާރުގެ އެހީގައި އޮފިސަރުން ތާޒާކުރުމުގެ ކޯސްތައްވާނީ ހިންގިފައެވެ. އަދި ހަމަ އެސަރުކާރުގެ އެހީގައި ހިއުމަންޓްރެފިކިންގ ގާނޫނެއް އެކުލަވާލުމުގެ ފުރަތަމަ ދެލިކޮޕީ މިހާރުވާނީ ތައްޔާރު ކުރެވިފައެވެ. އަދި މީގެއިތުރަށް، އިތުރުއެހީތައް ވެސް އިމިގްރޭޝަނަށް މިއަހަރުތެރޭގައި ލިބިގެންދާނެއެވެ. މިއީ އިމިގްރޭޝަނުގެ ހީވާގި އޮފިސަރުންގެ އެއްބާރު ލެއްވުމުގެ ކާމިޔާބު ނަތީޖާއެވެ.
ފަހެ، އިމިގްރޭޝަން ގާނޫނުގެ ދަށުން ހަދަންޖެހޭ ހުރިހާ ގަވާއިދުތައް ހަދާނިންމާއި ގިނަގަވައިދުތައް މިހާރު ހުންނާނީ ގެޒެޓްކުރެވި، އަމަލުކުރަން ފަށާފައެވެ. މިކަމުގެއަގު ހޯމްމިނިސްޓްރީން ކުރާނެކަން ޔަގީނެވެ. އަދި ކޮރަޕްޝަނަށް ފަހިވާގޮތަށް އިމިގްރޭޝަނުގައި ހުރިގިނަގުނަ މަގުތައްވާނީ ބަންދު ކުރެވިފައެވެ. މީގެކުރިން އިމިގްރޭޝަނަކީ، އެއްމުއައްސަސާ އެއްގެ ތެރެއިން މަދުމީހުންކޮޅެއް ވެގެން، އެންމެގިނައިން ކޮރަޕްޝަން ހިނގަމުންދިޔަ އެއްތަނަށެވެ. އިމިގްރޭޝަނުގެ މަތީފެންވަރު ވެރިއެއްގެ މަސްލަހަތު އޮންނަ ރެކްރޫޓީންގ އެޖެންސީއަކުން ހިންގަމުން ގެންދިޔަ ކޮރަޕްޝަންތައް ހުންނާނީ ހުއްޓުވާފައެވެ.
އަދި އިމިގްރޭޝަން ތެރެއިން ނާޖާއިޒު ފައިދާތައް ނަގަމުން ގެންދިޔަ ގިނަދޮރުތަކަށް ހުންނާރީ ކެރިގެން ހުރަސްއަޅާފައެވެ. ބަންދުކޮށްފަ އެވެ. އެވެރިޔާ އިމިގްރޭޝަން ތެރޭގައި ހިންގަމުން ގެންދިޔަ ގިނަކަންތަކަކީ އިމިގްރޭޝަނުގެ ގިނައޮފިސަރުން، ވަރަށްރަނގަޅަށް ދަންނަ ހަގީގަތެކެވެ. އަދި އޭނާއަކީ އިމިގްރޭޝަނުގައި މިހާރު ބޭނުންކުރާ ސިސްޓަމުގެ ސިއްރުތައް ވަރަށް ރަނގަޅަށް ދަންނަ، އެސިސްޓަމަށް ބޭނުންވާ ބަދަލުތައް އަމިއްލައަށް ގެންނަން ދަންނަ ބޭފުޅެކެވެ.
އަދި އަޅުގަނޑަށް އެހީތެރިވުމަށް ސިޔާސީ މަގާމެއްދެއްވައި އިމިގްރޭޝަނަށް ފޮނުއްވެވި، ހއ.ދިއްދޫ ބޭފުޅާ އިމިގްރޭޝަނާ ގުޅުންއޮންނަ އައްޑުއަތޮޅު އަންހެނަކާ ގުޅިގެން “އެލޯ މޯލްޑިވްސް” އޭކިޔާ ރެކްރޫޓިން އެޖެންސީއެއް ހިންގައެވެ. އިމިގްރޭޝަނުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތައް ހެސްކިޔާފަ ހިންގަންއެވެ. މީނާގެ މައްސަލަތަކަށް ބެއްލެވުމުން މީނާއަކީ، ކޮރަޕްޓް އިންސާނެއްކަން މަނިކުފާނަށް ވެސް އެނގިވަޑައި ގަންނަވާނެއެވެ. މީނާއާ ގުޅިގެން ރަސްމީކޮށް އަޅުގަނޑު ރައީސް އަރިހަށް ފޮނުވި އެއްވެސް ސިޓީއަކަށް މަނިކުފާނު އަޅާލައްވާ ފައެއް ނެތެވެ. ދިވެހި ގައުމަށްވުރެ އޭނާގެ ކޮރަޕްޝަނުން ހޯއްދެވި ރީދޫގޮނޑިތަކަށް އިސްކަން ދެއްވީއެވެ. އިމިގްރޭޝަނުގެ ތެރޭގައި އުފެއްދި ހުރިހާ ނުބަޔަކާއި ފިތުނައެއް އުފެއްދީ އޭނާ އިސްކޮށް ހުންނަވައިގެން، ސިވިލްސާވިސްގެ އިސްމަގާމުގައި ތިއްބެވި ދެމީހަކު ލައްވާއެވެ. ހިތްވަރު ދީގެންނެވެ. މީގެތެރެއިން އައިޓީ އެސްޕާޓަކީ، އިމިގްރޭޝަން ތެރެއިން ނާޖާއިޒު ފައިދާ ލިބިގަނެގެން އަމިއްލަ މަސްލަހަތު އޮންނަ ކުންފުނިތައް އުފައްދާފައިވާ މީހެކެވެ.
އަދި އިމިގްރޭޝަނުގެ ފައިސާއިން ގިނަމުއްދަތަށް ކިޔަވަން ބޭރުގައި އުޅުއްވާފައިވާ މީހެކެވެ. އެފަދަ ކުންފުނިތަކަށް ގަވާދައިޚިލާފަށް އިމިގްރޭޝަނުގެ މަސައްކަތްތައް ނާޖާއިޒު ގޮތުގައި ދީފައި އެބަހުއްޓެވެ. މީގެތެރޭގައި ހާޒިރީ ބަލަހައްޓަމުން ގެންދާ ސޯފްޓްވެއަރ ހެއްދުމާއި އައިޓީއާގުޅޭ އެހެނިހެން ބައެއްކަންތައް ހިމެނެއެވެ.
ފަހެ، މިފަދަ ކޮރަޕްޝަނާގުޅޭ ކަންތައް އިމިގްރޭޝަން ތެރޭގައި ހިންގުމުގައި ތިބިބޭފުޅުން ނަކީ މިދެންނެވި މަދުމީހުން ނެވެ. އޭގެތެރެއިން އެކެއްގެ މައްސަލަތައް އޭސީސީއާއި ޕޮލިހަށް ހުށައެޅުމުން ވެސް ކުރިޔަށް ދާގޮތްވަނީ ނުވެފައެވެ. ފުލުހުންގެ ކޮމިޝަނަރ ފަސީހާއި ޑެޕިއުޓީ ކޮމިޝަނަރ މުނީރު އަރިހުގައި ސީދާ އަޅުގަނޑު މިވާހަކަ ދެންނެވުމުން ވެސްވަނީ، ކުރިޔަށް ނުގޮސްފައެވެ. އަދި މިވާހަކަތައް ވާނީ ހޯމްމިނިސްޓްރީއާއި މިނިސްޓަރާ ހަމައަށް ވެސް ގެންގޮސްފައެވެ. އަޅުގަނޑުގެ ވާޖިބު އަދާކުރުމުގެ ގޮތުން، މިފަދަ ކޮރަޕްޝަންތަކުގެ ވާހަކަތައް ވާނީ އޭސީސީއަށް ވެސް އަންގާފައެވެ.
އިމިގްރޭޝަނުގެ ހީވާގި އެހެން ވެރިންނަށާއި ޗީފުން ފެންވަރުގެ އޮފިސަރުންނަށާއި ބައެއް ޖޫނިޔަރ އޮފިސަރުންނަށް ވެސް އަޅުގަނޑު މިދަންނަވަނީ ތެދު ހަގީގަތްކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ. އިމިގްރޭޝަނުގެ މުވައްޒަފުންނަކީ ވަރަށްހީވާގި މަސައްކަތަށް ކުޅަދާނަ ހުނަރުވެރި އޮފިސަރުން ތަކެކެވެ. އެމީހުންގެ ގައުމީ ޚިދުމަތަށް އަޅުގަނޑު އަބަދުވެސް، މުޅިއުމުރުގައި ވެސް ފަޚުރުވެރި ވަމެވެ. ހެޔޮހިތުން ސަލާންކުރަމެވެ. ދުއާދޭނަމެވެ. އެ އޮފިސަރުނާއެކު ހޭދަކުރެވުނީ ފަޚުރުވެރި ގައުމީ ޚިދުމަތެއްކަން އަބަދުވެސް ހަދާން ކުރާނަމެވެ. ﷲ އެޚިދުމަތްތަކުގެ ސަވާބު ދެއްވާށިއެވެ! އިމިގްރޭޝަން މުޅިން ހަމައަކަށް އަޅުވައި ކޮރަޕްޝަން ނައްތާލުމަށް މިދެންނެވި ކޮރަޕްޓް ބޭފުޅުން އެ މުއައްސަސާއިން ބޭރުކުރަންޖެހޭ ވާހަކަ މިދަންނަވަނީ، މިނިކުފާނު އަރިހުގައި ވަރަށް އިޚްލާސްތެރި ކަމާއެކު ތެދުވެރިކަން މަތީގައި ހުރެގެން ގައުމަށް ޓަކައެވެ.
އާދެ! އަޅުގަނޑާ ހެދި ކޮރަޕްޝަނުގެ އެފަދަ އަމަލުތައް އިމިގްރޭޝަން ތެރެއިން ނުވާން ފެށުމުންނާއި މުޅިން ހުއްޓޭން ފެށުމުން އަޅުގަނޑަށް އަންނަންފެށި ޕްރެޝަރު އެންމެހާ ދިވެހި ރައްޔިތުންނަށް މިހާރު ސާފުކޮށް އެނގޭނެއެވެ. އިމިގްރޭޝަން ތެރެއިން މިދެންނެވި ކޮރަޕްޓް ވެރިންނާއި އިމިގްރޭޝަނުގެ ބޭރުން ބައެއް އެޖެންސީ ތަކުގެ ފަރާތުން ނުކުތްބަޔަކާއި ގޭންގުތަކުގެ ފަހަތުގައި ފޮރުވިގެން ތިބޭ ސިޔާސީ ބޮޑުންގެ ފަރާތުންނާއި ހިއުމަން ޓްރެފިކިންގ ވިޔަފާރިން ސީދާކޮށާއި ނުސީދާކޮށް ބައިއެޅެމުންދާ ބޮޑެތި ބާރުވެރި ފަރާތްތައް އަޑީގައި ތިބެގެން ސިޔާސީ ރޭވުންތައް ރާވާއި ފައިސާދީ، ކާންދީ، އަދި ސައިދީ ހަދައިގެން އަޅުގަނޑާ ދެކޮޅަށް އިމިގްރޭޝަން އޮފީސްތައް ކައިރީގައި މުޒާހަރާތައްކޮށް ޕެޓިޝަނެއް ހަދައިގެން ރައީސް އޮފީހަށާއި ރިޔާސީ ގަނޑުވަރަށް ގެންދާން ފެށީ މިދަންނަވާ ހުރަސްތަކާ ކުރިމަތި ލާން ޖެހުނީމައެވެ. މިކަން މަނިކުފާނަށް ރަނގަޅަށް އެނގޭނެއެވެ.
އަދި މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުން މިކަންތަކުގެ ތެރެއަށް ވަދެފޯރިގަދަ ކޮށްލީވެސް އެފަދަ ހުރަސްތައް އެފަރާތްކަށާއި އެފަރާތްތަކުގެ ބިދޭސީ އެޖެންޓުން ތަކަށް އިމިގްރޭޝަން ތެރެއިން ފިޔަވަޅު އަޅަން ފެށީމައެވެ. ދުނިޔޭގައިވެސް، އަދި ރާއްޖޭގައިވެސް އެންމެގަދަޔަށް ހިންގާ ވަގުވިޔަފާރި ކަމުގައިވާ، ހިއުމަން ޓްރެފިކިންގ އަކީ ރާއްޖޭގައި އެންމެ ފޯރިގަދަކޮށް ސިޔާސީ ބާރެއް އަޑީގައި އޮވެގެން، ރޭވިގެން މިހާރުހިންގާ އެއްވިޔަފާރިއެވެ. ރާއްޖެއަކީ މިކަމުގެ ހަބެކެވެ. މިކަމުގެ އެންމެ އަޑީގައި ތިބެނީ، ހިޔުމަން ރިސޯސަސް މިނިސްޓްރީ ތެރޭގައިތިބޭ ވަރުގަދަ ސިޔާސީ ބަޔަކާއި ރަށުތެރެއިން ގޭންގުތަކާ ގުޅިފައިވާ ނުފޫޒުގަދަ ބަޔަކާއި މިފަދަ ކޮރަޕްޓް މީހުންތަކެކެވެ.
ފަހެ، އަޅުގަނޑު އިމިގްރޭޝަނުން ބޭރުކުރުމަށް އެންމެއަޑީގައި ތިބެގެން މަސައްކަތްކުރީ މިފަދަ އެޖެންޓުންގެ ބަލަދުވެރި ބޮޑުންގެ ގޮތުގައި ހަރަކާތް ތެރިވާ މީހުންނެވެ. މިފަދަ ބޮޑުންނާއި މިކަމުން ފައިދާނަގާ ގޭންގުތަކާ ވަނީ ލާމެހި ގުޅިފައެވެ. މިކަންތައް އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސަށް ސާފުކޮށް އެނގޭނެއެވެ. އަދި އިމިގްރޭޝަނުގައި އަޅުގަނޑު އުފެއްދި އިންޓެލިޖެންސް ޔުނިޓަށް ވެސް ސާފުކޮށް އެނގޭނެއެވެ.
އާދެ! މިގޭންގުތަކާއި މަނިކުފާނު އަރިހުގައި ތިއްބަވާބައެއް ބޮޑުންނާވެސް ވަނީ ނުސީދާކޮށް ގުޅިފައެވެ. ގޮތްނޭންގޭ ސިޔާސީ ބާރުތަކާ ވެސް ވަނީ ގުޅިފައެވެ. ރިޔާސީ ގަނޑުވަރު ތެރޭގައި ތިޔަ ގެންގުޅުއްވާ ސރަނގު އާދަން މަނިކުގެ ދަރިފުޅަކީ އޭގެ އެދުރެކެވެ. އަދި މޫނިމާގޭގެ ތެރޭގަ އާއި މާލޭގެ އެތަންމިތަނުގައި އިތުރު ވަމުންދާ ރެސްޓޯރަންޓުތަކަށް ބައްލަވާށެވެ. ކޯޓާވިއްކަނީ ކޮންބައެއްތޯ ދައުލަތުގެ އިންޓެލް ފަރާތްތަކުން ބައްލަވާށެވެ. އޮޅުންފިލުއް ވާށެވެ. ބިދޭސީން ނަހަމަގޮތުގައި އެއްތަނުން އަނެއްތަނަށް އުފުލާއި ގަނެވިއްކަނީ މި މީސްމީހުން އަޑީގައި ތިބެގެންނެވެ. މިއީ ވަގުފާރިއެވެ.
ލޭބަރުންގޮތު ގައި ދަތުރުފަތުރުކޮށް އުޅޭ ވޯކްވިސާ ހިފައިގެން އުޅޭ އަދި ބައެއް ޓުއަރިސްޓް ވިސާގައި އެތެރެވާ ބިދޭސީންނަކީ ތަހްޒީބުވެ ކުރިއަރާފައިވާ މިޒަމާނުގެ ޒަމާނީއަޅުން ނެވެ. އަދި ބިދޭސީންގެ ވޯރކްވިސާގެ ކަންތައް ވަށާޖެހޭގޮތަށް، ކޮރަޕްޝަނާއި ފަސާދައަށް މަގުފަހިވާ ގޮތަށް ކުރިން އޮތްގޮތަށް ބަދަލު ކޮށްލުމަށް މަސައްކަތް ކުރަނީ ވެސް މިމީސްމީހުން އަޑީގައި ތިބެގެންނެވެ. އިމިގްރޭޝަން ގާނޫނުގެ ދަށުން ކުރަމުން ގެންދާ ގާނޫނީ މަސައްކަތްތައް އަނބުރާ ހިއުމަން ރިސޯސަސް މިނިސްޓްރީގެ ދަށަށް ގެންދަން އެންމެ ބޮޑަށް މިވަގުތު ބޭނުންވާ ފަރާތަކީ މިހާރު މަނިކުފާނުގެ އަރިސް ބޭފުޅާ … އެވެ. ރައީސް އޮފީސް ތެރޭގައި މިހާރުއޭނާ މިދުވަސްކޮޅު އެ ކުރައްވަނީ އެ މަސައްކަތުގެ މުހިންމު ބައެކެވެ. އެބޭފުޅާ ބޭނުންފުޅު ވަނީ ގާނޫނު އަސާސީގެ، 115 ވަނަ މާއްދާގެ ދަށުން ރައީސް ނަޝީދު ލައްވާ ކުރިއެކޭ އެއްގޮތަށް ވޯރކްވިޒާގެ ކަންތައް ކޮރަޕްޝަނާއި ފަސާދައާ އެކު ވަށާޖެހޭނެ ގޮތަކަށް ބަދަލުކޮށް ލައްވާށެވެ.
އިމިގްރޭޝަނުގެ ގަވާއިދުތައް އެގޮތްމިގޮތަށް އަނެއްކާ ވެސް ބަދަލުކޮށްލާށެވެ. އެހެނަސް އިމިގްރޭޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ބަދަލު ނުގެނެސް މިއީ ކުރެވޭނެކަމެއް ނޫންކަން، އިމިގްރޭޝަނުގެ ހީވާގި އޮފިސަރުންގެ ސަމާލުކަމަށް އަބަދުވެސް އަޅުގަނޑު ގެންދަމެވެ. އިމިގްރޭޝަނުގެ ތެރެއިން އެފަދަ އެޖެންޓުންނަށް ބޭނުންވާ ޓްރެފިކިންގެ ކަންތައް ހިންގުމަށް ހުރަސްއަޅަން ފެށިހިސާބުން އަޅުގަނޑާ ދެކޮޅަށް މި މަސައްކަތް ވަނީ ފާޅުގައި ފަށާފައެވެ. އަޅުގަނޑަށް އިންޒާރުތައް ރާވައިގެން ދެވުނެވެ. އަދި ފުލުހުން އިސްނަގައި ހިމާޔަތްދޭން އެދުމުން އަޅުގަނޑު އިންކާރު ކުރީމެވެ. އަޅުގަނޑުގެ އޯޑަރަށް އިމިގްރޭޝަނުގެ ވާޖިބުއަދާ ކުރުމުގެ މަސައްކަތުގައި ހީވާގިކަމާ އެކު ހަރަކާތްތެރިވި އިމިގިރޭޝަން އޮފިސަރެއްގެ މޮޓޯސައިކަލް، ފިހާރަފަދަ ތަންތަން ވަނީ، ހުޅުޖަހާ އަންދާލާފައެވެ. އަދި އަޅުގަނޑަށް ސީދާމަރުގެ އިންޒާރުދީ ކަނޑިންނާއި ތޫނުއެއްޗެހިން ހަމަލާދޭނެ ކަމުގެ ބިރުވެރި އިންޒާރުތައް ވެސްވަނީ ނެރެފައެވެ. މިކަންތައްތަކަށް ދިވެހި ފުލުހުން ހެކިވާނެއެވެ.
ފަހެ، ގަނޑުވަރާއި ރައީސްއޮފީހަކީ އަޅުގަނޑުމެންގެ ފެންވަރުން، އެކިކަހަލަ ދައުވަތުތައް ލިބި މިހާރު ވަދެއުޅެވޭ ތަންތަނަށް ނުވާތީ މިފަދަޚަބަރުތައް ސީދާމަނިކުފާނުގެ ކަންފަތްޕުޅަށް އަޅުގަނޑަށް ގެންގޮސް ނުދެވެނީއެވެ. ކުރު އެއްޗެއް މިދަންނަވާ ލެވެނީ ހުކުރު މިސްކިތް ތެރެއިން ހިންވާފައި ރައީސް އޮފީހަށް ކްރޮސްކޮށް ލައްވާ މަގުމަތީގައި ފެނިއްޖެ ހާލެއްގައެވެ. މިއީ އަޅުގަނޑު ބަހައްޓަވާފައި މިހާރު ހުރި ހިސާބެވެ.
ހަމަކަށަވަރުން އަޅުގަނޑަށް ޔަގީނެވެ! ކޮރަޕްޓް އަރިސްބޭކަލުން މަނިކުފާނަށް ކިޔައިދެއްވާފައި ހުންނާނީ މިވާހަކަތަކެއް ނޫނެވެ. އިމިގްރޭޝަނާ ބެހޭ މުޅިންއެހެން ވާހަކަތަކެވެ. އެހެނަސް މަނިކުފާނުގެ ނޭޝަނަލް ސިކިއުރިޓީ އެޑްވައިޒަރު އަލްފާޟިލް އަމީން ފައިސަލަށް މިވާހަކަތައް ކިޔައިދިނުމުގެ ފުރުސަތު އަޅުގަނޑަށް މަދުންލިބުނެވެ. ރަސްމީ ބައްދަލުވުން ތަކު ތެރެއިންނެވެ. އެމަނިކުފާނު އެކަންކަމުގެ އަގު ވަޒަން ކުރައްވައެވެ. އަޅުގަނޑު ދައްކާވާހަކަ ތަކަށް ނަޒަރު ކުރައްވާއި ތާއީދު ދެއްވައެވެ. މޯލްޑިވްސް ކަސްޓަމްދަށަށް އިމިގްރޭޝަން ނުގެންދެވުނީ، އެމަނިކުފާނު އަޅުގަނޑާ އެއްކޮޅަށް ހިތްޕެވީމަ އެވެ. އެހެނަސް އެވާހަކަތަކުން ކުރިފައިދާއެއް އަދި އަސަރެއް ފެންނާކަށް ނެތެވެ. ނަތީޖާއެއް ނުފެނެއެވެ. ކަނޑުގައި އަޅާލި ރޮނގެއް ފަދައެވެ.
ފަހެ ހިތާމައިގެ ކޮޅެއްނެތެވެ! ރައްޔިތުން އުންމީދު ކުރި އުންމީދީ ސަރުކާރު ފަސާދަކޮށްލައި ނިންމީއެވެ. ޑްރަގް ވިޔަފާރީގެ ބޮޑުންހިފާ ހައްޔަތުކުރުމުގެ މަސައްކަތްގޮސް ހުއްޓުނުހިސާބު ގައުމަށް އިޚްލާސްތެރި ފުލުހުންނަށް މިހާރުވެސް ކިޔައިދޭން އެނގޭނެއެވެ. މަކިފާނު ބޭނުން ފުޅިއްޔާ އެމީހުން ކުރެން އައްސަވާށެވެ! ޑުރަގްލޯޑެއްގެ ފަރާތުން ޖާސޫސުކުރުމަށް ނުވަތަ ބުލެކްމެއިލް ކުރުމަށް ކަމާބެހޭ މިނިސްޓަރު އަރިހަށް ފޮނުވުނު ލޫޅާފަތި އަންހެންކުއްޖާ އާއެކު ރޭކުރައްވަން ފެއްޓެވުނު މިނިސްޓަރަކީ ކާކުކަން ވެސް ކިޔައިދޭން އެނގޭނެ ފުލުހުން ތިބޭނެއެވެ. އެކަމަކު ރައީސަށް އެޅުއްވުނު ފިޔަވަޅެއް ނެތެވެ. ރައީސައި ހަމައަށް އެވާހަކަ ގެންދެވުނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ!
ރައީސް ނަޝީދެވެ! އިމިގްރޭޝަނުގައި ހުރިއިރު އަޅުގަނޑުބެލީ، އިމިގްރޭޝަނާ ބެހޭގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ދެވެންހުރި ހުރިހާ ޚިދުމަތެއް ދިވެހި ރައްޔިތުންނާއި ބިދޭސީންނަށް ވަގުތުންވަގުތަށް ފޯރުކޮށް ދިނުމަށެވެ. ގާނޫނާއި ގަވާއިދާ ޚިލާފު އެނޫންކަންތައް، އިމިގްރޭޝަނުން އެއްގޮތަކަށް ވެސް ނުވާގޮތަށް ހެދުމަށެވެ. އެފަދަ ދޮރުތައް މަލަރުއަޅާއި މުޅިންބަންދު ކުރުމަށެވެ.
އެހެނަސް މިހާރުވަނީ އެހުރިހާކަމެއް އެންމެކުރިޔެކޭ އެއްގޮތަށް އިމިގްރޭޝަނުގައި މުޅިން ބަދަލުކޮށް ލާފައެވެ. މިކަންކޮށް ނިންމާލީ އަޅުގަނޑު ބަދަލުވުމަށް ފަހު، އޮފީސް ހުޅުވިތާ ދެގަޑިއެއްހާ އިރުތެރޭގައެވެ. މިފިޔަވަޅަކީ، އެކަމުގެ ޕްރެޝަރު އުފެދިފައި ހުރިވަރުގެ ރީތި މިސާލެކެވެ. ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓުގެ އެގްރީމަންޓުގެ މުހިންމު ބައިތަކާއި އެގްރީމަޓްގެ ދަށުން އުފެއްދި ސްޓިއަރިން ކޮމެޓީގެ ޔައުމިއްޔާތަކުގެ އަސްލުތައް އަދި އަސްލު އެގްރީމެންޓުން ބައެއް މުހިންމުބައިތައް ވަގަށް ނެގުނުކަން އެނގިފައި ވެއެވެ. އެއީ ދައުލަތުގެ ހައްގުތަކެވެ. އެތަކެތި އަޅުގަނޑު ނުކުތްއިރު ކޮންޓްރޯލަރ ކޮޓަރީގައި ހުރި އަލާރީގައި ރައްކާތެރިކޮށް ހުންނާނެއެވެ.
މިއީ ތެދެއްކަން އިމިގްރޭޝަނުގައި ތިއްބެވި ގައުމީ ވިސްނުމުގެ ހަރުދަނާ އޮފިސަރުންނަށް އެނގޭނެއެވެ. އަޅުގަނޑު ދުރުކޮށް ފައިތިބި ކޮރަޕްޓް ދެމީހުން އައިޓީ އިސްބޭފުޅާ އާއި އަނެއްބޭފުޅާ ފަދަ ކޮރަޕްޓްމީހުން ކާރިކޮށް ގައުމީ ސަލާމަތާގުޅޭ މަސްއޫލިއްޔަތުތައް ވަނީ މިހާރު އަނެއްކާ ވެސް އެމީހުންނާ ހަވާލުކޮށްފައެވެ. އިމިގްރޭޝަނުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިކޮށް ދީފައެވެ. މިކަންހިންގީ މަނިކުފާނު އިމިގްރޭޝަނަށް ތިޔަގެންނެވި ބަދަލާ ގުޅިގެންނެވެ. ދިހައެއް އެގާރަ ޖަހާއިރު އޮފީހަށް ނުވަދެވޭ ބޭފުޅަކަށް ގައުމުގެ ބޯޑަރުގެ ކަންކަން މޮނިޓަރކޮށް ނުބެލެހެއްޓޭނެ އެވެ.
އާދެ! އޭގެތެރެއިން އިދާރީބޭފުޅާ އަކީ، ކޯޓުއަމުރުން ފުރުންމަނާ ކޮށްފައިވާ މީހުންއަމިއްލަ އަމިއްލައަކަށް ކޮންޓްރޯލަރއަށް އެއްވެސްކަހަލަ އެނގުމަކާނުލާ ފުރުވާލާ ހަދާފައިހުރި މުޖްރިމެކެވެ. އެއީ އެތާގައި ކަށީގައި ހިފާފައި އޮތް އާދައެކެވެ. އަމިއްލައަށް ހާޒިރީ ބަދަލުކޮށް އިތުރުގަޑީގެ ފައިސާ އަމިއްލައަކަށް ގަޑިތައް ބަދަލުކޮށްގެން ފައިސާ އިތުރުކޮށްގެން އެފައިސާ ނަގާއި އެހެން މީހުންނަށް ވެސް އެގޮތަށް ގަޑިއިތުރުކޮށްދީ، އަދި ފައިސާނަގައިދީ ހަދާފައިވާ ކޮރަޕްޓް މީހެކެވެ.
އަދި މިހާރު އިސްކޮށްފައިވާ ދެމީހުންނަކީ ވެސް ސިސްޓަމުގެ ޕާސްވޯޑްތައް ބޭނުންކޮށްގެން އެކިކަހަލަ ބަދަލުގެނެސް އަމިއްލަ ފައިދާއަށް އެތައްކަމެއް ހިންގާފައިވާ މީހުންނެވެ. އިމިގްރޭޝަނުގެ މުދަލުން ނާޖާއިޒުކޮށް އަމިއްލަ ފައިދާ ނަގާފައިވާ މީހުންނެވެ. މިހުރިހާ ކަމެއް އަނެއްކާވެސް ކުރެވޭގޮތަށް އެބާރުތައް ވަނީ، އަނބުރާ އެދެމީހުންގެ އަތަށް ރުޖޫއަކޮށް ދީފައެވެ. މިއީ އަޅުގަނޑު ބޭރުކުރި ދުވަހުނޫން އަނެއްދުވަހު ހެނދުނު އިމިގްރޭޝަން ހެޑްއޮފީހުގައި އެންމެކުރިން އެންމެ އިސްކަމެއް ދީގެން ހިންގި މަސައްކަތެވެ. މިކަމުގައި ޕްރެޝަރު ހުރިވަރު މިއިން އެބަ އެނގެނޫންތޯ އެވެ. މިކަންތައްރާވާއި ހިންގާއި އަޅުގަނޑަށް ހުރަސްއެޅި، އަދި އޭސީސީއަށް އެއްބަސް ވުމުގައި އަޅުގަނޑު ސޮއިކުރި ދުވަހު މައްސަލަ ވެއްދި ހއ. އާދަނޭކިޔާ ބޭފުޅާ އިސްކޮށް ހުރެގެންނެވެ. އަދި ފަހަތުގައި ސިޔާސީ ބާރެއް އޮވެގެންނެވެ.
ފަހެ، ހަގީގީ ކޮރަޕްޝަނާއި ފަސާދައަކީ މިއެވެ. އަޅުގަނޑަށް ރަނގަޅަށް މިކަންކަން އެނގޭހާލުގައި މިކަންކަމަށް ކެތްކޮށް، ނުފެންނަ ކަމަށް ހަދައިގެން ބަޔަކު ހިނގަން ދޫކޮށް ގެން، އަމުދުން އަޅުގަނޑު ޒިންމާވާ ގޮތަށް، ގާނޫނުގައި އޮއްވާ އަޅުގަނޑަކީ ހިނމޭނުން މަނިކުފާނު ތިޔަހުންނަވާ ގޮތަށް މަޑުން ހުރެވޭނެ މީހެއްނޫނެވެ. މަނިކުފާނަށް އެކަން އެނގިވަޑައި ގަންނަވަން ވާނެއެވެ.
ފަހެ، އަޅުގަނޑު ހުންނާނީ، އެ އައިޓީ ބޭފުޅާ އެއަރޕޯޓަށް ބަދަކުކޮށް ފައެވެ. އަދި އިދާރީބޭފުޅާ ހުންނާނީ، ސިވިލްސާރވިސް ކޮމިޝަނުގައި ދަންނަވައިގެން ތިންމަސް ދުވަހަށް ހޯމްމިނިސްޓްރީގެ ދަށުން ހިންގަމުންދާ، ނެޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކޮށް، އެތަނަށް ވަގުތީގޮތުން ދުވަސްކޮޅަކަށް ފޮނުވާލާފައެވެ.
މިމީހުންނަކީ އޮފީހުގެ ރަސްމީ، ސިއްރު ލިޔެކިޔުންތައް މީޑިޔާއަށް ލީކުކޮށް ލަންކާގެ ކަމާބެހޭ ކުންފުންޏަކަށް ދީ، އޮފީސްތެރޭގައި އަމިއްލަ އެދުމަށް ބޮޑެތި ރޭވުންތައް ރާވާހެދި މީހުންނެވެ. އަމިއްލައަށް ރަސްމީ ލިޔުންތައް އިމިގްރޭޝަން ނަމުގައި ޖެނެރޭޓްކޮށް އޭސީސީއަށް ފޮނުވާ ހެދި ކޮރަޕްޓް މީހުންނެވެ.
އަޅުގަނޑުގެ އެދުމަކީ، މިފަދަ ކޮރަޕްޓް މީހުން ސަލާމަތާގުޅޭ ޒިންމާތަކުން ދުރުކޮށް، ހީވާގި ހިންގުންތެރި ޗީފުންލައްވާ ކުރަމުން ގެންދިޔަ މަސައްކަތްތައް މިހާރުވަނީ، އަނބުރާލައި ގާނޫނާއި ގަވާއިދުތައް އެއްކިބާކޮށް ޔުނީފޯމް ނާޅައި އިމިގްރޭޝަނުގައި އުޅޭ މިފަދަކޮރަޕްޓް މީހުންގެ އަތްމައްޗަށް އެންމެކުރިއެކޭ އެއްގޮތަށް މިނިވަންކަމާ އެކު ދޫކޮށްލާފައެވެ. މިއީ ވަރަށްބޮޑު ގޯހެކެވެ. ހިތާމަހުރި ކަމެކެވެ. ކޮންމެވެސް ދުވަހަކުން މީގެ ނަތީޖާ ފެންނާނެ ކަމެކެވެ. އިސްލާހު ވާންޖެހޭ ކަންކަމެވެ. ރަނގަޅު ކުރައްވާށެވެ! އަދިވެސް ފުރުސަތު އެބައޮތެވެ!
ރައީސް ނަޝީދެވެ! އަޅުގަނޑު އިޚްލާސްތެރި ކަމާއި ލޯތްބާއެކު ދަންނަވާލަން އޮތީ އިމިގްރޭޝަން ހަމައަކަށް އެޅުވޭނީ މިދެންނެވި ކޮރަޕްޓުމީހުން އެފަދަ ސިޔާސީވެރިން އެފަދަ ޒިންމާތަކުން ދުރުކޮށް ގެންނެވެ. އެމީހުންގެ ކިބައިން މިފަދަ ޒިންމާތައް އަނެއްކާވެސް އަނބުރާ ނެގިގެންނެވެ. އަދި ކޮންޓްރޯލަރ އަކީ، އިމިގްރޭޝަން ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހަކަށް ވެގެންނެވެ. އަދި އިމިގްރޭޝަނުގެ ކޮންޓްރޯލަރ އަކީ، ގާނޫނީގޮތުން މުހިންމު ވާޖިބުތަކެއް އަދާކުރަމުން ގެންދަވާ ޒިންމާދާރު މީހަކަށް ވެގެންނެވެ. ޗީފުންފެންވަރު އޮފިސަރުންގެ ޚިޔާލުތައް އަޑުއަހާ މަޝްވަރާ ލިބިގަނެ ބަލައިގަންނަ މީހަކަށް ވެގެންނެވެ. ޗީފުންގެ މީޓިންތައްބާއްވާއި އެފެންވަރުގެ އޮފިސަރުންނާ މަޝްވަރާކުރާ ޒިންމާދާރު ވެރިއަކަށް ވެގެންނެވެ. އެފަދަ މަސްއޫލިއްޔަތެއް ނުނަގާމީހަކަށް އިމިގްރޭޝަނުގެ ކޮންޓްރޯލަރ ކަމުގެޒިންމާ ހަވާލުކުރެވިގެން ނުވާނެއެވެ. އިމިގްރޭޝަން ސިވިލްސަރވިސްގެ ދަށުން މިނިވަންކޮށް މުސްތަގިއްލު ވާންޖެހެނީ މިފަދަ ކަންކަމާ ހެދިއެވެ.
ރައީސް ނަޝީދެވެ! އިމިގްރޭޝަނުގައި އަޅުގަނޑު އަމަލުކުރަމުން ގެންދިޔައީ ތަންފީޒީ އިދާރާއަކަށް ވާތީ، މިދަންނަވާ ހަރުދަނާ އަދި ހަރުކަށި ގޮތްތަކުގެ މަތީންނެވެ. އެހެންވެ ބައެއްފަހަރު ރައީސް ވިދާޅުވި ބައެއްކަންތައް ވެސް ހުންނާނީ ނުކޮށް ދޫކޮށްލާފައެވެ. އެއީ އިމިގްރޭޝަނާ ބެހޭ ގާނޫނާ ތަޢާރުޟް ވާތީއެވެ.
އަދި އެއީ ދިވެހި ގައުމުގެ ސިޔާދަތު ކަމުގައިވާ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތައް ދެމެހެއްޓުމަށާއި މަނިކުފާނުގެ ސަލާމަތަށް ކުރިކަމެކެވެ. ދެފަހަރެއްގެ މަތިން ރައީސް މައުމޫނުގެ ޕާސްފޯޓު ހިފެހެއްޓުމަށް ސީދާ މަނިކުފާނު ފޯނުކުރައްވާފައި އެންގެވުމުން ވެސް އަޅުގަނޑު އެކަންނުކުރީ ކޯޓުއަމުރެއްނެތި އެކަން ނުކުރުމުގެ ގޮތުންނެވެ. ދެން މަނިކުފާނު ވިދާޅުވީ ދޫކޮށްލުމަށް ކޯޓުއަމުރެއް ނެރެންދެން ރައީސް މައުމޫނުގެ ޕާސްޕޯޓް ހިފޭއްޓުމަށެވެ. މިކަންވެސް އަޅުގަނޑު ނުކުރީ ދިވެހިގައުމުގެ ސިޔާދަތު ދެމެހެއްޓުމަށެވެ. އަދި ރައީސް ނަޝީދުގެ އިއްޒަތާއި ސަލާމަތަށް އިސްކަން ދީގެންނެވެ. ދެން އަޅުގަނޑަށް ފޯނުކުރައްވާފައި ވިދާޅުވީ އިއްޒަތްރެތި މެންބަރެއް ކަމުގައިވާ އަލްފާޟިލް އަބްދުލްއަޒީޒު އަބޫބަކުރު ޖަމާލު ބޭރަށް ފުރިޔަނުދީ އޭނާގެޕާސްޕޯޓު ހިފާއްޓާލަ ދިނުމަށެވެ. މިކަންވެސް އަޅުގަނޑު ނުކުރީ އިމިގްރޭޝަން ގާނޫނުގެ ދަށުން ކޮންޓްރޯލަރއަށް ކޯޓުއަމުރެއް ނެތި އެފަދަ އަމަލެއް ކުރުމުގެ ގާނޫނީބާރު ނެތީމައާއި ރައީސް ނަޝީދު ދެކެލޯބިވާ މީހަކަށްވާތީއެވެ. ކުރިމަގަށް ވިސްނާފައެވެ.
މީގެއިތުރުން ވެސް މަނިކުފާނު އަރިހުގައި ނޫފޫޒުގަދަކޮށް އުޅުއްވާ ބައެއް ސިޔާސީ ބޮޑުންގެ އެދުންތަކަށް ވެސް ބޯނުލަނބާ އެވިދާޅުވާ ހާގޮތަކަށް އަމަލުނުކޮށް ދޫކޮށްލާފައި ހުންނާނީ ހަމައެކަނި މިފަދަ ކަންތަކުގައެވެ. ގާނޫނާއި ގަވާއިދުގެ ދަށުން ކުރެވޭ ހުރިހާކަމެއް އިމިގްރޭޝަނުގައި ހުންނާނީ ވަރަށް ފަސޭހަކޮށް ކޮންމެވަގުތެއް ގައިވެސް ކައުންޓަރުން ޚިދުމަތް ލިބޭގޮތަށެވެ. އަދި ނުރަސްމީ ގަޑީގައި ވެސް އަމިއްލައަށް ގޮސްހުރެގެން ކޮށް ދީފައެވެ. ބަންދުގަޑީގައި ވެސް ރައްޔިތުންނަށް ޚިދުމަތް ލިބޭގޮތަށެވެ. ޚުދު އަޅުގަނޑު ހުރެގެން ބައެއް އިމަޖެންސީ ކަންކަން ރަސްމީ ބަންދު ދުވަސް ތަކުގައި އަދި ރޭގަނޑު އޮފިސަރުން ނެރެގެން ކުރުވާފައި ހުންނާނެއެވެ.
ފަހެ، ދަތުރުފަތުރު ކުރުމަކީ އަސާސީ ހައްގަކަށްވާތީ މިކަންމިގޮތަށް އިމިގްރޭޝަނުން ކޮށްދޭން ޖެހޭނެ ކަމަށް އަޅުގަނޑު ސިކުނޑިއަށް ގަބޫލުކުރެ ވެއެވެ. މިއީރާއްޖޭގެ ސިޔާދަތު ދެމެހެއްޓުމަށާއި މަނިކުފާނުގެ ސަލާމަތަށާއި އަޅުގަނޑުގެ ގާނޫނީވާޖިބުތައް އަދާކުރުމަށް އަޅުގަނޑު ކެރިގެންހުރެ ކުރިކަންތަކެވެ.
މަނިކުފާނުގެ ކުރިމަތީގައި އަޅުގަނޑު، ﷲ ގަންދީ ކުރި ހުވަޔާޚިލާފު ނުވުމަށް ވަރަށް ހިތްވަރާއެކު ކެރިގެން ކުރިކަންތަކެވެ. މިއީ އަޅުގަނޑު ދެކޭގޮތުގައި ގައުމަށް ކުރެވުނު އަގުހުރި ޖިހާދެކެވެ. އޭގެ ބަދަލު ކޮންމެވެސް ގޮތަކުން ލިބޭނެ އަމަލެކެވެ. އަޅުގަނޑު އެންމެ އަޖައިބު ވަނީ ގާނޫނީ ބޭފުޅުންނާއި ދައުލަތުގެ ބަންޑާރަނައިބު ރައީސް އަރިހުގައި ތިއްބަވައިގެން މަނިކުފާނު ލައްވާ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުކަންތައް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނޫ އަސާސީއަށް ބެލުމެއް ނެތި ލާފާދީގެން ކުރުވާތީއެވެ. ވެރިމީހާއާ ޚިލާފަށް ޝަރުއީ ކޯޓުތަކުން އަމުރުތައްނެރެ ހުކުމް އިއްވެންޏާ ސަރުކާރަށް ލަފާއަރުވަން ހުންނަވާ ދައުލަތުގެ ބަންޑާރަނައިބުގެ ފާރާތުން ގޯސްތަކެއް ހިނގަނީއެވެ.
ރައީސަށް އަސާސީ ލަފާތައް ނޭރުވެންޏާ ބަންޑާރާ ނައިބެއްގެ ހަގީގީ ބޭނުމަކީ ކޮބައިތޯއެވެ! މިމީހުންގެ ކިބައިގާ ގާނޫނީފެންވަރު ނެތިއްޔާ ސްޕްރީމްކޯޓަށް ވައްދައިގެން ގާނޫނު އަސާސީގެ ހަގީގީމާނަ ހޯއްދަވައިގެން ގައުމުގެ އެންމެމަތީ ވެރިޔާ މިފަދަ ބަދުނާމުތަކުން ސަލާމަތް ކޮށްދޭން ޖެހޭނެއެވެ. މިހާރު ކަންކަން އޮވެގެން އެހިސާބަށް މިދަނީއެވެ. ގާނޫނު އަސާސީ ގެއްލި ދިޔަދީގެން ނުވާނެއެވެ. އެއީ އަލުގަނޑުމެން ގެންގުޅު ފިކުރުގެ އަސާސެވެ. ބިންގަލެވެ. މިފަދަކަންތަކުގެ ޒިންމާއާއި މަސްއޫލިއްޔަތު އުފުލާނީ ކާކުތޯއެވެ! ވެރިމީހާއެވެ! ވެރިމީހާ އަސާސީއަށް ހުރުމަތްތެރި ކުރުވުމަކީ ކާކުގެ ޒިންމާއެއްތޯ އެވެ؟ އަބަދުވެސް ރައްޔިތުންގެ ކުރިމަތީގައި މިވާގޮތުން ބަދުނާމު ވާންޖެހެންވީ ފަހެ، ރައީސްތޯއެވެ؟
އާދެ! މިފަދަބައެއް ކަންކަމާ ހެދި ސަރުކާރު ތެރޭގައި ތިބި މަދުބަޔަކު އެންމެބޮޑަށް އަޅުގަނޑު ބަދުނާމު ކުރީ، މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގައުމީޕްލޭނިން ކައުންސިލްގައި މަޝްވަރާކޮށް، ނިންމެވިގޮތުގެ މަތިން އިމިގްރޭޝަނުގައި ބޯޑަރކޮންޓްރޯލް އާސިސްޓަމެއް ގައިމްކުރުމަށް އަޅުގަނޑު ކުރި ބޭނުންތެރި ގައުމީ މަސައްކަތާ ގުޅުވައިގެން ނެވެ. އެއީ ދިވެހި ގައުމަށް ހެޔޮއެދިގެން އިޚްލާސްތެރި ކަމާއެކު އަޅުގަނޑުކުރި ވަރަށް މުހިންމު ފައިދާދެނިވި މަސައްކަތެކެވެ. އެކަމަށް އަޅުގަނޑަށް މަގުދެއްކެވީ ރައީސެވެ. ﷲ އަށް ގަންދީ އަދިވެސް އަޅުގަނޑު ދަންނަވާނީ، އަޅުގަނޑާ ހަމައިން އެކަމުގައި އެއްވެސް ކޮރަޕްޝަނެއް ފަސާދައެއް ހިންގާފައެއް ނޯންނާނެ ވާހަކައެވެ. މީހަކު އަތުން ފައިސާއެއް ލިބިގެންފައި ނުވާނެއެވެ. މިއީވެސް ސިޔަސީ ބަޔަކު އަމިއްލަ އެދުމައިގެން އުފެއްދި މާސިންގާ ސިޔާސީ ކަންތައްގަޑެކެވެ. މިކަމުގެ އަޑީގައި އޮފިސް ތެރެއިން ހިންގަން ތިބީ، މިދެންނެވި ދެބޭފުޅުންނެވެ. ބޭރުން ކުޅުނު މީހުން ރައީސަށް މާބޮޑަށް ސާފު ވެލައްވާނެވެ.
އަދި މިހާރު އިމިގްރޭޝަނުން ދުރުގައި ހުންނެވި ތިޔަ މަނިކުފާނު އެތަނަށް ފޮނުއްވި އާދަނާ އެތެރޭގައި ކުޅުނީ ސެންޓަރހާފަށެވެ. މިހާރު އެމީހުން އެގެންދަނީ ބިޑަށް ކުރިމަތިލީ މީހުންގެ ތެރެއިން ނުހޮވުނު ކުންފުނިތަކާ އެކުގުޅުން ހިންގަމުންނެވެ. މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައި ގަންނަވާ ކުންފުންޏަކަށްވާ ސްރީލަންކާގެ އިންފޯރމެޓިކްސް ކުންފުނީގެ މީހުންނާއެވެ. ފާޅުގައި މިމީހުން ސްރީލަންކާއަށް ދަތުރުތައް ކުރަމުން އެބަގެންދެއެވެ. އަދި ބިޑަށް ހުޅުވާލައިގެން އުޅުނު ދުވަސްވަރުގައި ވެސް މިދެންނެވި އިދާރީބޭފުޅާ ވަނީ ލަންކާއަށް އެކުންފުނީގެ ޓިކެޓެއްގައި މިފަދަ ދަތުރެއް ކުރައްވާފައެވެ.
އެވާހަކަ އޭސީސީގައި ވެސް ވާނީ ރަސްމީކޮށް ދެންނެވިފައެވެ. އަދި ސިވިލްސާރވިސް އިން އެކަމާގުޅިގެން އޭނާއަށް ވަނީ އިންޒާރުވެސް ދެއްވާފައެވެ. ﷲގެ އިރާދަފުޅުން މިކަންތައް ކުރިޔަށް އޮތްތާގައި އަލުން އޭސީސީ އަކުން ބަލައިފިއްޔާ އެއްވެސް ގޯހެއްނެތް ކަމަށް ސާބިތު ވާނެއެވެ. އެސީސީން ނުބެލިއްޖެ ނަމަ ބައިނަލް އަގުވާމީ ކޯޓުތައް ހުންނާނީ މިކަމަށް ހުޅުވިފައެވެ. މިއީ ބައިނަލް އަގުވާމީ އެއްބަސްވުމެކެވެ. ދިވެހި ދައުލަތާއި ބޭރު ކުންފުންޏަކާ ހިންގާފައިވާ ބޮޑު ވިޔަފާރި މުއާމަލާތެކެވެ. އެތެރެއިން ސިޔާސީކޮށް ކުޅެވިދާނެއެވެ. ބޭރުގައި ކުޅުމަކީ މިއުޅޭ ސިޔާސީ މީހުންނަށް ވާނެ އަދި ކުރެވޭނެ ކަމެއް ނޫނެވެ. ރައީސަށް މާރަނގަޅަށް އެނގިވަޑައި ގަންނަވަން ޖެހޭނެއެވެ.
އާދެ! މިހާރު އަޅުގަނޑު ބޮލުގައި އަޅުވާފައިވާ މާސިންގާބޮޑު ސިޔާސީ ގޮތުން އުފެއްދި ބޮޑު ތުހުމަތުން، އަޅުގަނޑު ބަރީއަ ވާނެކަމުގެ ޔަގީންކަން އަބަދުވެސް އަޅުގަނޑުގެ ހިތުގައި އޮވެއެވެ. އިންސާފުވެރިކޮށް ގެންގޮސްފިއްޔާ އެކަން ސާބިތުވެގެން ދާނީ އެގޮތަށެވެ. އެދުވަހަކުން އަނބުރާ އިމިގްރޭޝަނަށް އަޅުގަނޑު ބަދަލު ކުރުމަކީ މަނިކުފާނަށް ވިޔަސް އަދި އެހެން ރައީސަކަށް ވިޔަސް ކުރައްވަން ޖެހޭނެ އީޖާބީ ކަމެކެވެ.
ފަހެ، މިކަމަކީ ވެސް މަނިކުފާނުގެ އަރިހުގައި އިސްކޮށް ހުންނެވި ބޮޑެއްގެ އަމިއްލަ ފައިދާއަށް އާދަނު މެންކަހަލަ އެކްޓިވިސްޓުންގެ މަދުބަޔަކުލައްވާ އަޅުގަނޑު ފަލީހަތްކޮށް ރައްޔިތުންގެ ތެރޭގައި ބަދުނާމު ކުރުމުގެ ބޭނުމުގައި ރާވައިގެން ހިންގެވި އަސްލެއް ނެތް ނުސީދާ ޖަރީމާއެއް ކަމުގައި ދަންނަވާނަމެވެ. އަދި އަބަދުވެސް ބުނަމުން ގެންދާނަމެވެ.
ފަހެ،ދަންނަވަމެވެ! ސިޔާސީ އިދިކޮޅު ފަރާތްތައް މިކަމަށް ވަނުމުގެ ދޮރުހުޅުވައި ދިނީ އެމްޑީޕީ ތެރެއިން ކުޅުނު މި މީހުންނެވެ. މިހާރު ބެއްލެވިއަސް އަޅުގަނޑު އިމިގްރޭޝަނުން ބޭރުކުރަން ޖެހޭފަދަ އެއްވެސް ސަބަބެއް މިއިންކަމަކާ ގުޅިގެން ފެންނާކަށް ނޯންނާނެއެވެ. ރައީސް އޮފީހުން ބަޔަކު ފޮނުއްވައިގެން ބައްލަވާށެވެ. ޑިފެންސުން މަނިކުފާނު ފޮނުއްވައިގެން އިމިގްރޭޝަނަށް ވަދެ ފަނަރަ ދުވަސްވަންދެން ތިބުމުގައި އެމްއެންޑީއެފް ބޭކަލުންވެސް ބެލިކަމަށް ވަނީ، އަޅުގަނޑު އަންހެނުން ނަމުގައި ދޫކޮށްފައިވާ ދެޕާސްޕޯޓު ނެރެފައި އޮތްގޮތުގެ މައްސަލަކަން އެނގިފައި ވެއެވެ. އެކަން ޝިޓިޒެންގާނޫގެ ދަށުން، ގާނޫނީ ގޮތުން ނިންމެވީ، ޚުދު މަނިކުފާނެވެ. އެއީ އިމިގްރޭޝަނުން އަޅުގަނޑު ވަގަށް ނެގި އާދައިގެ ޕާސްޕޯޓަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓެއް ނޫނެވެ. އިރާދަ ކުރެއްވިއްޔާ އޭނާ އެއިންއެވެސް ބޭނުމެއް ނުހިފާއޮވެ މުއްދަތު ހަމަވެގެން ދާނީއެވެ. އޭނާ ފުރައިގެން ދިޔައީ އޭނައަށް ދިވެހި ދައުލަތުން ދީފައިވާ އޯޑަނަރީ ޕާސްޕޯޓުގައެވެ. މިވާހަކަތައް މިހާތަފްސީލިކޮށް މަނިކުފާނުގެ އަރިހަށް ލިޔަން މިޖެހުނީ، ރައީސް ނަޝީދު ވިދާޅުވިކަމަށް ކެޕްޓަން އަބްދުﷲ ސައީދު (ކޮށީގެ) ވިދާޅުވި އެއްޗަކާ ގުޅިގެންނެވެ.
އޭނާ އެދުވަހު އަޅުގަނޑާ ގުޅާފައި ވިދާޅުވީ އިލްޔާސާއި އާދަނާ ދެމީހުންގެ ކަންތައް ބޮޑުކަމުން އިލްޔާސާއި އާދަން އެހެން ތަނަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ ކަމަށެވެ. އާދަނާ ހެދި، އަޅުގަނޑު އިމިގްރޭޝަނުން އެހެން އޮފީހަކަށް ބަދަލުލު ކުރެއްވުމަކީ، އެއްގޮތަކަށް ވެސް އިންސާފެއް ނޫނެވެ. ހަމައެއް ނޫނެވެ. ފަހެ، އަޅުގަނޑުގެ ކުށަކީ ކޮބައިތޯއެވެ؟ މިއީ ސީދާކޮށާއި ނުސީދާކޮށް، އަޅުގަނޑަށް ދެވުނު ސިޔާސީ އަނިޔާއެކެވެ. ކަތިލެއްވި ސިޔާސީ ކަތިލުމެކެވެ. ބަޔަކުމީހުން އަޑީގައި ތިބެގެން ރާވާއިގެން ކުރެވުނު ކަމަކަށް ވަނީ މިހެން ވެގެންނެވެ. އަމިއްލައަތުން ބަރަހަނާ ވާވަރަށްވުރެ ހަރުދަނާ މީހަކަށް ވީމާ، ތިޔަ ސިޔާސީ ގޮތުން ބަރަހަނާ ކޮށްލެއްވީއެއެވެ. ބުލެކުމެއިލްކޮށްގެން އެކަންކުރެވޭތޯ އެމްޑީޕީބަޔަކު ޗާލު ލޫޅާފަތި އަންހެން ކުދިންގެ ފޮޓޯތަކެއް ހިފައިގެންވެސް އަހަރެން ގާތަށް އައެވެ. އެކިގޮތްގޮތުން އެކިކަހަލަ މަޅީގައި ޖެއްސޭތޯ އުޅެފައި އެބަހުއްޓެވެ. އެމަގުން ވެސް ބުލެކުމެއިލް ކުރެވޭތޯ މަޅިތަށް ރާވާފައި އެބަހުއްޓެވެ. އެއިން މަޅިއެއްގައި އަޅުގަނޑު ނުޖެހުނީ، ސިޔާސީ ބަދުނާމުކޮށްލުމަށް އެފަދަރޭވުންތައް ރާވާގޮތުގެ ތަޖްރިބާ ހުރުމުންނެވެ.
ހަމައެކަނި މިކުރެވުނީ، ރައްޔިތުންގެ ތެރެއަށް ކުރެވުނު ވަގުތީ ބޭޒާރެއް ކުރުމެކަން ކަށަވަރެވެ. މިގޮތުން ވެސް ސިޔާސީ އެޖެންޓުންތައް ހެސްކިޔާފަ މަސައްކަތް ކުރިއެވެ. އެއިންކަމެއް ކާމިޔާބު ނުވެ ފެއިލްވީ އަޅުގަނޑު ވިސްނުންތޫނު ވީމައެވެ. ހިތާމައިގެ ކޮޅެއްނެތެވެ! ފަހެ، މިއީ އަޅުގަނޑުމެން އުންމީދައިގެން ގެނައި ރައްޔިތުން ރުހުންދިން ރީތިމޫރިތި ސަރުކާރުން ވެސް ހިންގި ފާސިދު އަމަލުތަކެވެ! އޭ، ރައީސެވެ! މިއީމަދު އަދި މިންވަރެކެވެ!
ފަހެ، ދަންނާށެވެ! މިއީ ރައީސް ނަޝީދު އިމިގްރޭޝަނަށް ގެންނެވި ވަރަށް ގޯސްބަދަލެކެވެ. ނުބައި ނިންމުމެކެވެ. ގިނަމީހުން ލައުނަތްދީ، ނަފްރަތުކުރާނެ ކަމެކެވެ. ޑިބީއަކީ ވިޔަފާރި ކުރާހިތްވާ ބޭފުޅެކެވެ. އަދި މިބަދަލު ގެންނެވުމަށް ފަހުގައިވެސް ދެދުވަސް ވަންދެން އާދަނު އިމިގްރޭޝަނުގައި ޗިޓާހަވާނުވެ، އުޒުރު ދައްކައިގެން ހުންނަވައިގެން އަޅުގަނޑު ބަދަލުވި ދުވަހުނޫން އަނެއްދުވަހު، އިދާރީބޭފުޅާ އާއި އައިޓީބޭފުޅާ ވަނީ، އާދަނު ބޭނުންވާގޮތަށް އިމިގްރޭޝަނުގެ މަސްއޫލު މަގާމުތަކަށް ބަދަލުގެނެސް ކޮރަޕްޝަން ހިންގޭގޮތަށް މުހިންމު ޒިންމާތަކަށް އިސްކޮށްފައެވެ. އާދަނު މިހާރު އިމިގްރޭޝަނުން ބޭރުގައި ހުންނެވިޔަސް އިމިގްރޭޝަން ތެރެއިން ކޮރަޕްޝަން ހިންގޭގޮތަށް ވަނީ ހުރިހާކަމެއް ރާވާއި މަގުފަހި ކޮށްފައެވެ.
މިހާރު އިމިގްރޭޝަން ތެރޭގައި ވަނީ، އެތިންމީހުން ބޭނުންވާގޮތަށް ހުރިހާ ކޮރަޕްޝަނެއް ފަސޭހައިން ހިންގޭނެގޮތަށް އެކިބަދަލުތައް ގެނެސްފައެވެ. އެކަމަކީ އިމިގްރޭޝަނަށް އަލަށް ފޮނުއްވި ކޮންޓްރޯލަރ (ޑީބީ) އަށް އެނގިގެން ނުވަތަ ނޭނގި ނަމަވެސް އާދަނުގެ ބުއްދީގެ ރޭވުމެކެވެ. އޭނާ ކުރެއްވި ކަމެކެވެ. އެބަދަލުވަނީ ހަމައެދުވަހުމެ ގެނެސް ނިންމާފައެވެ. އަދި އޭގެފައިދާތައް ރައީސް އަރިހުގައި ތިއްބެވި ސިޔާސީ ބައެއްބޮޑުންނަށް ކުރާނެގޮތް ތަކަށް އެހެރީރާވާފައެވެ.
ރާއްޖޭގައި ހިއުމަން ޓްރެފިކިންގ ހުއްޓާލައްވަން ނުވަތަ މަދުކުރަން ބޭނުންފުޅިއްޔާ އިމިގްރޭޝަނުގެ ކޮންޓްރޯލަރ އަކަށް ގާނޫނުތައް ދަމަހައްޓާނެ އިންސާފުވެރި ރަނގަޅު ޒިންމާދާރު މީހަކު ލެއްވުމަށް ދަންނަވާއި އާދޭސްކޮށް މިގައުމަށްޓަކައި އަދި މުސްތަގުބަލަށް ޓަކައި ނަސޭހަތްތެރި ވަމެވެ. އަދި އެއިދާރާގެ އެތެރެއަށް ވީހާއަވަހަށް އެދެވޭ ބަދަލެއް ގެނެސްދެއްވުން އެދެމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީގެ މޭޒުމަތީގައި މިހާރުއޮތް އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ، އަވަސްކުރަން ޖެހޭ މުހިންމު އިސްލާހުތަކެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
އަޅުގަނޑަކީ ރިޔާސަތުގެ ހުރިހާބާރުތަކެއް ރިޔާސީ ނިޒާމެއްގެ ތެރޭގައި މަޖިލީހުގެ ބާރުތަކަށް ދޭންބޭނުންވާ ވިސްނުމުގެ މީހެއްނޫނެވެ. އެހެނަސް މިހާރު ވެރިކަމުގެ ބާރުން ބައެއްކަންތައް ގެންދަވާގޮތުން ކޮންމެހެންވެސް ކުރަންޖެހޭ ކަންތައްތަކެއް ފާހަގަވާ އެބަހުއްޓެވެ. ޚާއްސަކޮށް މިނިސްޓަރުންގެ ދަށުން އެންމެއިސްކޮށް އިމިގްރޭޝަން ކޮންޓްރޯލަރ ފަދަ، ޕޮލިސް ކޮމިޝަނަރ ފަދަ، އެމްއެންޑީއެފް ޗީފް ފަދަ ތަންފީޒީ މަގާމު ތަކުގައި ތިއްބަވާފަރާތް ތަކަކީ، ރައްޔިތުންގެ މަޖިލީހުގެ ދައުރެއް އޮވެގެން އައްޔަންކުރެވޭ މަގާމަކަށްވުން އެބަ ލާޒިމު ކުރަން ޖެހެއެވެ. މިއީބައެއް ޚުތޫރަތްތެރި ދަނޑިވަޅުގައި ކުރަން އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެމެވެ. އެހެންވުމުން މަޖިލީހުގައި އޮތް އިމިގްރޭޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ގައުމީ ސަލާމަތާ ބެހޭކޮމެޓީން މިއިސްލާހު ވީހާއަވަހަށް ގެނެސް ދެއްވުމަކީ، އަޅުގަނޑު ވެސް އިޚްލާސްތެރި ކަމާއެކު އެކޮމެޓީގެ އިއްޒަތްތެރި މެންބަރުންގެ އަރިހުން ވަރަށްބޮޑަށް އެދޭ ކަމެކެވެ.
އަދި މަޖިލީހުގެ އިއްޒަތްތެރި ހުރިހާ މެންބަރުންނަށް ވެސް ދިވެހިގައުމުގެ ސަލާމަތަށްޓަކާ މިދަނޑިވަޅުގައި މިބަދަލު ގެނެސްދެއްވުމަށް އަޅުގަނޑު އަމިއްލައަށް ގޮވާލަމެވެ. މަޖިލީހުގެ މެމްބަރުން ފާސިދުވެގެން ނުވާނެއެވެ. އިދިކޮޅު ޚިޔާލަށް އަބަދުވެސް ޖާގަދެވެން ޖެހޭނެއެވެ. ފައިސާއަށް މެމްބަރުން ގަނެވިގެން ނުވާނެއެވެ. މީގެއިތުރަށް ދަންނަވާލަން އޮތީ، ވީހާއަވަހަށް މަނިކުފާނުގެ އަރިހުގައި ތިއްބެވި ކޮރަޕްޓް ސިޔާސީ ބޮޑުންތައް ދުރުކޮށް ގައުމީ މީހުންނަށް ދިވެހި ގައުމަށް ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވުން އަވަސްކޮށް ދެއްވާށެވެ. ޒުވާން ކިޔަވައިގެން ތިބިކުދީން ފެންނާން އެބަތިއްބެވެ. ހުރިހާކަމެއް އަބަދުވެސް ނިއުޅިގެންދާގޮތަށް އޮތުމަކީ، ބުއްދިވެރިކަމެއް ނޫނެވެ. ރައިސް މައުމޫނު ކައިރިން ފެއިލްވީމާ ރައީސް ނަޝީދުއަރިހަށް ހަމައެކަންކަން ހިންގުމަށް ލުމަކީ އަޅުގަނޑުގެ ބުއްދިއަށް ގަބޫލުކުރެވޭ ކަމެއްނޫނެވެ. އަބަދާ އަބަދަކު ރިސްކު ނަންގަވައިގެން ކާމިޔާބެއް ނުކުރެއްވޭނެއެވެ. ސިޔާސަތަކީ، ރިސްކު ނަންގަވައިގެން ކާމިޔާބު ހޯދޭނެ މައިދާނެއް ނޫނެވެ. ފިޔަފާރީގައި އެކަން ފަހަރުގައި ވެދާނެއެވެ.
މަނިކުފާނުގެ ސަލާމަތް ހޯއްދެވުމަށް އަދިވެސް ވަގުތު އެބައޮތެވެ. ފުރުސަތު އޮތީ ހުޅުވިފައެވެ. ގައުމަށް އިސްލާހު ގެންނަވާށެވެ. ފުރުސަތު ނަންގަވާ ނުލައްވާށެވެ! ޖަލުގައި ކުރިމަޝްވަރާތައް ބަހުސްކުރުމުގައި ހޭލާތިބި ހޭލާތިބުންތައް، އެއިހުސާސްތައް ވުޖޫދު ކުރަން އެބަޖެހެއެވެ. އަދިވެސް ވަގުތު އެބައޮތެވެ. ކައިރީގައި ތިއްބެވި ކޮރަޕްޓް މީހުންތައް ފޭކޮށް ލައްވާށެވެ. އަމިއްލަފުޅު ނައިބައި ގުޅިވަޑައިގަނެ، މަޝްވަރާކޮށް އަސްލު އެމްޑީޕީގެ ފިކުރާއި ވިސްނުމަށް ރުޖޫއަ ވެލައްވާށެވެ. އޭރުން ރައްޔިތުންގެ ލޯބި އަނެއްކާވެސް ލިބޭނެއެވެ! ބަލައި ގަންނާނެއެވެ!
ފަހެ، ސަލާމަތުގެ މަގަށް އެނބުރި ފިކުރުކޮށް ވިސްނަވަންވީ ވަގުތަކީމިއެވެ. އެވަގުތު ބީވެގެން ދިޔަ ނުދިނުމަށް ގާތް އެކުވެރި މަނިކުފާނު ދެކެ އަދިވެސް ލޯބިވާ، އަދި ޖަލުގަޔާއި އުފަލުގައި އެއްކޮށް އުޅެފައިހުރި އަޚެއްގެ ހައިސިއްޔަތުން ވަރަށް އިޚްލާސްތެރި ކަމާއެކު މިއީ މަގޭއެންމެ ފަހު، ނަސޭހަތްތެރި ވުމެވެ. އަޅުގަނޑަށް އަދިވެސް އިސްލާހީ މަގަށް އެފަދަ ފުރުސަތެއް ދެއްވައިފިއްޔާ އަޅުގަނޑު ވެސް މިހުރީ މަނިކުފާނަށް އިޚްލާސްތެރި ކަމާއެކު، ތަންފީޒީ ދާއިރާއެއް ގައި ޚިދުމަތްކޮށް ދިނުމަށް ތައްޔާރަށެވެ. ގައުމު އިސްކުރާނަމެވެ. އަންނަން ތިބި ދެވެހި ދަރިކޮޅަށް ކަމެއް އެބަކޮށް ދޭންޖެހެއެވެ!
އަޅުގަނޑު އަބަދުވެސް ފުރާނަ ހުރިހާ ހިނދަކު ދެމި ހުންނާނީ އެގޮތުގެ މަތީގައެވެ. ﷲ އަޅަމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! އާމީން!
އިހްތިރާމް ގަބޫލުކުރެއްވުން އެދެމެވެ.
14 މާޗް 2011
ޚާދިމުކުމުލް މުޚްލިސް
……ސޮއި……
އިލްޔާސް ހުސައިން އިބްރާހީމް. (ޖަވާހިރުވާދީ)
ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް މުހަންމަދު ނަޝީދުގެ އަތްޕުޅަށް.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް.
މާލެ، ދިވެހިރާއްޖެ.
ސ، ހަތެއް: ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މަގާމުގައި، އިލްޔާސް ހުންނަވައިގެން، މެލޭޝިޔާ ކުންފުންޏެއް ކަމުގައިވާ ނެކްސްބިސް އަށް، ބޯޑަރކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް އެވާޑުކުރުމުގައި ކޮރަޕްޝަނާއި ފަސާދައިގެ (ހައްގުނޫން ތުހުމަތުތަކެއް އުފައްދާއި އީޖާދުކޮށް) އެލިގޭޝަން ތަކެއް ކުރެވި ދައުވާ އުފުލިފައި ވެއެވެ. އަދި ޑިސެންބަރ 2013 ގައި، އިލްޔާސްގެ އަމިއްލަ ސިޔާސީޕާޓީ ގައުމީ އިއްތިހާދު ޕާޓީ އުވާލެއްވުމަށް ފަހު، ރޫލިންޕާޓީ ޕީޕީއެމްއައި ގުޅީވަޑައި ގަތުމާއި، ކޯޓުގައިއޮތް ނެކްސްބިސް އައި ހަވާލުކުރެވުނު، ބޯޑަރ ކޮންޓްރޯލް ސިސްޓަމް ޕްރޮޖެކްޓް ކޭސްއައި އެއްވެސް ކަހަލަ ގުޅުމެއް ވޭތޯއެވެ. އިލްޔާސަކީ، އެމްޑީޕީ އުފެއްދުމަށް ރައީސް މައުމޫނު ސަރުކާރަށް ހުށަހެޅިއިރު ސޮއިކުރި، އެންމެއިސް ފަންސާސް މީހުންގެ ތެރޭގައިހިމެނޭ މީހަކަށް ވާއިރު، އެމްޑީޕީ ދޫކޮށް ޕީޕީއެމްއައި ޖޮއިން ކުރުމުގައި ގެންގުޅުއްވި ފުރަތަމަ ވިސްނުމަކީ، ކޮބައިތޯއެވެ؟
ޖ، ހަތެއް: އާދެ! ތިޔައީ ތެދުފުޅެކެވެ. މިއަދާ ހަމައަށް ވެސް ރަޖިސްޓްރީ ވެފައި އޮތީ، ޕީޕީއެމްގެ ދަފްތަރު ގައެވެ. އެކަން ކުރެވުނީ، ހަމަގައިމުވެސް އަޅުގަނޑު އެކަމަށް ޕާޓީތެރޭގައި ތާއިދުކުރީ، އަޅުގަނޑުގެ ހިތުތެރޭގައި ރައީސް މައުމޫނަށް ދެވިފައިއޮތް ގަދަރެއްގެ ސަބަބުންނެވެ. ރައީސް ޔާމީނަށް ކޮށްދިން ކަމެއްނޫނެވެ. އެހެނަސް ރައީސް މައުމޫނު ރަށުގައި ވަޑައިގެން ނެތީސް އަދުރޭ ލައްވައި ގުޅުވައި އަވަސް އަރުވާލައްވާއި ރައީސް ޔާމީނު އެކަން ކޮށް ނިންމާލެއްވީ އެވެ. އެއީ ވެސް އޮޅުވާ ލުމެއްގެ ތެރެއިން ކުރެއްވި ކަމަކެވެ.
ފަހެ، މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމަކީ، މިނިސްޓްރީ އޮފް ފައިނޭންސުން ބައިނަލް އަގުވާމީބިޑަށް ހުޅުވާލައި، ފަސް މިލިއަނަށް ވުރެ މަތީ ޕްރޮޖެކްޓުތައް ހަވާލުކުރާނެ ފަރާތެއް ހަމަހަމަ ގޮތުގައި ހޯދުމަށް އެ މިނިސްޓްރީގައި ގައިމު ކުރެވިފައި އޮންނަ ޓެންޑަރބޯޑުން ބީލަންތައް ދެފަހަރެއްގެ މަތީން ދިރާސާކޮށް މެލޭޝިޔާގެ ނެކްސްބިސް ކުންފުންޏަށް، ދިވެހި ދައުލަތުން އެވާޑުކުރި ޕްރޮޖެކްޓެކެވެ. ދެވަނަފަހަރަށް ބިޑްތައް ދިރާސާ ކުރަންޖެހުނީ، ޓެންޑަރބޯޑު ގައި ވިޔަފާރި ވެރިންގެ ޖަމްއިއްޔާގެ ފަރާތުން އޭރު އެބޯޑު ތަމްސީލު ކުރައްވަން އިންނަވާ މަންދޫބު ލައްވައި ސިޔާސީ ވަކިމީހަކު މައްސަލަތަކެއް މެދުވެރި ކުރުވުމުން އޭނާގެ ބާރުގައެވެ. އެފަހަރު އެބިޑްތަކުގައި ހުރި އައިޓިއާ ބެހޭ ބައިތައް ދިރާސާކުރީ ރާއްޖޭގައި އެރޮގުން އެންމެ ފުންނާބު އުސްކޮށް ތިއްބެވި ވަރަށް މުސްތަގިއްލު އައިޓީ ބޭފުޅުންކޮޅެއް ލައްވައެވެ. އެވަރުންވެސް މާރްކްސް ލިބުމުގައި ކުރީގައި އޮތީ، ނެކްސްބިސް ކުންފުންޏެވެ.
ފަހެ، އެމަރްހަލާ ނިމިގެން ލިބުނީ، މިނިސްޓްރީ އޮފް ފައިނޭންސުން އިމިގްރޭޝަން ކޮންޓްރޯލަރ އިލްޔާސް ނަމުގައި، 1 މަސް ދުވަހުގެ ތެރޭގައި އެގްރީމެންޓެއް ހަދައިގެން ނެކްސްބިސް ލައްވައި މިޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް އެންގެވި ރަސްމީ ސިޓީއެވެ.
ދެން އަޅުގަނޑު އެކަންކުރި ގޮތަކީ، ކަމާބެހޭ މިނިސްޓްރީ ތަކުންނާއި ބަންޑާރަ ނައިބު އޮފީސް ބޭފުޅުންނާ އެކު، ޖަލްސާތައް ބާއްވައި އެގްރީމެންޓު ޑްރާފްކޮށް ފައިނަލްކޮށް ނިންމާލީ އެވެ. އަދި ފައިނަލް ޑްރާފްޓުގެ ކޮޕީއެއް ރަސްމީ ސިފައެއްގައި ބަންޑާރަނައިބު އޮފީހަށް ފޮނުވައިގެން ވަކިން ޚާއްސަ ލަފާހޯދީއެވެ. އަދި އެއަށްފަހު، އެޕްރޮޖެކްޓް ތަންފީޒުކުރުމުގެ މާތްމަގްސަދުގައި ދައުލަތުގެ ފަރާތުން އިމިގްރޭޝަން ކޮންޓްރޯލަރގެ ހައިސިއްޔަތުން އެގްރީމަންޓުގައި ސޮއިކުރީއެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގަތީއެވެ.
އާދެ! ޓެންޑަރބޯޑުގެ މަރްހަލާގައި އެބޯޑުގައި ހުންނެވި، ޚާއްސަބޭލުޅަކު ލައްވައި ސިޔާސީގޮތުން ނުފޫޒު ފޯރުވައިގެން، އޭނާގެ ބާރާއި ނުފޫޒުގައި ހައްގުނޫން ތުހުމަތުތަކެއް އަޅުގަނޑު ބޮލުގައި އަޅުވުމުގެ ގިނަގުނަ މަސައްކަތްތަކެއް ރާވައިގެން ވަކި ސިޔާސީ ފަރާތަކުން ކުރިއެވެ. ސިޔާސީގޮތުން ވަކިދިމާއަކަށް މިޕްރޮޖެކްޓު ފުރޮޅާލުމުގެ ބޭނުމުގައި ކަންތައްގަނޑެއް ހިންގިއެވެ. ޓެންޑަރބޯޑު މަރުހަލާގައި އޮތް އިރު އެންމެކުރިން މިޕްރޮޖެކްޓަށް ހުރަސް އަޅުއްވަން ފެއްޓެވި ސިޔާސީ ބޭފުޅަކީ، ރައީސް އޮފީހުގައި އޭރުހުންނެވި ސްޕެޝަލް އެންވޮއި ސާހިބު ޒަކީ އެވެ.
ފަހެ، މިނިސްޓްރީ އޮފް ފައިނޭންސުން ބިޑަށް ހުޅުވާލުމުން، އެންމެކުރިން އަޅުގަނޑައި ބައްދަލު ކުރުމަށް އައީ އެންވޮއި ސާހިބު ޒަކީ ފޮނުއްވައިގެން ރާއްޖެއަށް ޒިޔާރަތްކުރި އިންވެސްޓަރެކެވެ. މިއީ އަޅުގަނޑަށް މަންޒަރު ދެއްކިގޮތެވެ! މީނާއަކީ، އިންޑިއާ ދަރިކޮޅުގެ ސިންގަޕޫރު ރައްޔިތެކެވެ. ވަރަށް މަޝްހޫރު ބޭފުޅެކެވެ. މީނާ އަޅުގަނޑު ގާތަށް އައީ ކަދުރުޕެކެޓެއް ހިފައި ގެންނެވެ. ކަދުރަށް އިސްކަމެއް މިދެވުނީ، އަޅުގަނޑަކީ އަރަބިކަރައިގައި ގިނަދުވަހު އުޅެފައިހުރި މީހެއްކަން ކުރިޔާލައި އެނގިފައި ވާތީއެވެ!
މީނާއަކީ އައިޓީ އެކްސްޕާޓް ކުންފުނިތައް ގެންގުޅޭ މީހެއް ކަމާއި، ބޯޑަރކޮންޓްރޯލް ޕްރޮޖެކްޓުގެ ވާހަކަތައް ކުރިޔަށް ގެންގޮސް އެކަން ފުރިހަމަ ކޮށްދެވިދާނެ ކަމަށް ބުނެދިނެވެ. އަދި މިޕްރޮޖެކްޓް ހޯދުމަށް ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. އެކަނި އިންނަވައިގެން ދެއްކެވީ ރީތިދިގު އޮމާން އަޑިނޭނގޭ ވާހަކަ ތަކެކެވެ.
ފަހެ، އޭނާގެ ރީތިނަމަކީ، ރާމަރާޖްއެވެ. އަޅުގަނޑު އޭނާއަށް ދަންނަވަން ޖެހުނީ، “ތިޔައީ، މިނިސްޓްރީ އޮފް ފައިނޭންސުން ކުރާކަމެކެވެ. އަޅުގަނޑު ކުރާ ކަމެއް ނޫންކަމަށެވެ. ތިޔަކަމުގައި އަޅުގަނޑަށް ކުރެވޭނެކަމެއް ނެތެވެ.” އެންވޮއި ސާހިބު ޒަކީ އަށް ދަންނަވައި ދޭށެވެ.
އާދެ! މިރާޖަކީ އަޅުގަނޑު ފަހުންހޯދައި ގޫގުލްކޮށް ބެލިއިރު، 2008 ގެ ކުރީ ސަރުކާރުގެ ތެރޭގައި ޓްރޭޑް މިނިސްޓްރީއައި ވަރަށްގުޅުން ބަދަހި، ރައީސް ޔާމީން ޓްރޭޑް މިނިސްޓްރީ ހިންގެވި އެޒަމާނުގެ ސިންގަޕޫރުގެ ދޯސްތެކެވެ. އޭރު ރާއްޖެއަށް ގެނެވުނު ގިނަ ބޮޑެތި ޕްރޮޖެކްޓް ތަކުގެ ކަންކަމުގައި މެދުވެރިއަކަށް އުޅެފައި ހުރި، ދަމާކެނޑުމުގެ ޗާލާކީ ހުނަރު ހުރި އެޖެންޓެކެވެ.
ދެވަނައަށް އަޅުގަނޑު ކައިރިއަށް މެލޭޝިއާ ޓީމުތަކަކާ އެކު ވަޑައިގެންނެވީ، މެލޭޝިޔާގައި އޭރުހުންނެވި ދިވެހިސަފީރު ދާތޯޒަކީއެވެ. ތިން ކުންފުންޏެއްގެ ތިންޕާޓީއެއް އެޓީމުގައި އުޅުނެވެ. ކޮންމެ ޓީމަކުން ވެސް ކުދިދި ހަދިޔާ އަބައެއްގެ ކުންފުނި ރަމްޒުކޮށްދޭ ކުޑަގިފްޓެއް ދިނެވެ. އެއެއްޗެހި ތައް އިމިގްރޭޝަނުގެ ބިއްލޫރި ޖެހި އަލަމާރިއެއްގައި ކޮންޓްރޯލަރ ކޮޓަރީގައި އަޅުގަނޑު ނުކުތް އިރު ހުންނާނެއެވެ.
ކޮންމެއަކަސް ބަލަންވާ ބެލުންތައް ބަލައި، އަދި ކުރަންޖެހޭ އިޖްރާއާތުތައް ކޮށް ނިންމާފައި ޓެންޑަރބޯޑުން ޕްރޮޖެކްޓު އެވާޑުކުރީ މެލޭޝިޔާގެ ޓީމުތަކުގެ ތެރެއިން ނެކްސްބިސް ކުންފުންޏަ ށެވެ. އެކުންފުނިން އަޅުގަނޑައި ބައްދަލު ކުރަމުން، އަދި އިމިގްރޭޝަނާ އެކު މަޝްވަރާ ކުރަމުން ގެންދިޔައީ އަބަދުވެސް ދެމީހެކެވެ. އެއީވެސް މެލޭޝިޔާގެ ދެދާތޯއެވެ. މާފަހުން އެނގުނު ގޮތުގައި މީގެތެރެއިން އެއްދާތޯ އަކީ، މެލޭޝިޔާގެ އޭރުގެ ބޮޑުވަޒީރުގެ ދަނބި ދަރިފުޅެކެވެ.
ދެންފަހެ، އެގްރީމެންޓައި އެއްގޮތަށް ޕްރޮޖެކްޓުގެ މަސައްކަތް ފަށައި ގަތްފަހުން، މިކަމުގެތެރެއަށް ރައީސް ޔާމީނުގެ ގުޑްފުރެންޑް ކުރީގެ އެމްޕީ “ޖަނގިޔާ” ނާޒިމް ވަރަށް ސީރިއަސްކޮށް ވެންނެވި ތަން ފެނުނެވެ. އެތައްގޮތަކަށް ޑީލްތައް ހިއްޕަވައިގެން ނެކްސްބިސް އާ ގުޅައިގެން އެކިގޮތްގޮތަށް އުޅުއްވައިގެން ވެސް އޭނާގެ އެދުންތަކައި އެއްގޮތަށް އެކަންވާނެ ގޮތެއް ނުވިކަމަށް ޚަބަރުތައް ލިބުނެވެ.
ފަހެ، އެހިސާބުން އެހަސަދާގައި ދެންފެއްޓެވީ، ސީދާކޮށް މިޕްރޮޖެކްޓާ ދެކޮޅަށް ސިޔާސީ ހިމޭން ހަނގުރާމައެއް ކުރިޔަށް ގެންދާށެވެ. ބާރު އިސްޕީޑުގައި އެ ހަނގުރާމަކުރާށެވެ. މިހަނގުރާމަ އޭސީސީ ތެރެއިން ކުރިޔަށްވުރެ ވަރުގަދަކޮށް އިތުރަށް ބާރު ސްޕީޑްގައި ހިނގައިގަތެވެ. އަދި ރައްޔިތުންގެ މަޖްލިސް ކޮމެޓީތަކާއި މުޅިތަޅުމަށް ވެސް ގެނެސް މިކަން ވައްދައި، އަޅުގަނޑުގެ އެއްވެސް ޖަވާބުދާރީއެއް ކުރުވުމެއް ނުހިންގައި، އިމިގްރޭޝަނަށާއި އަޅުގަނޑައި ސުވާލެއްހިލަމެއް ކޮށްލުމެއް ވެސް ނެތި، ކުރިޔަށް ގެންދިޔައީ ވަރަށް ސިޔާސީ ކޮށްގެން ސީދާ ޕީއޭފިކުރުގެ ފަޅިންނެވެ. ލީޑަރަކަށް ހުންނެވީ އެމްޕީނާޒިމެވެ. ބޮހަކީ ރައީސް ޔާނުއެވެ. އެމްޕީ ނާޒިމަކީ، ކަމާބެހޭ ކޮމެޓީގެ މުގައްރިރެވެ. މުގުލުގައި ހުތްލައިދޭން އަބަދުވެސް ހުންނެވީ ބޮސްޔާމީނެވެ. ވަކި ހިސާބެއްގައި އިދިކޮޅު ހަރަކާތުގެ އެޖެންޑާއަށް ޖީއެމްއާރު ކޭސް ވާހަކައިގެ ފަހަތަށް މި ޕްރޮޖެކްޓުގެ ވާހަކަ ވައްދައިފިއެވެ. ވަރަށް ބޮޑަށް ސިޔާސީ ކުރެވިއްޖެއެވެ.
އާދެ! މަޖްލިސް ކޮމެޓީއަށް ވަރަށް ތަފްސީލުކޮށް މިވާހަކަތައް ސިޓީއަކުން އަޅުގަނޑު ލިޔުނީމެވެ. މިހާ ތަފްސީލު ނުކުރިޔަސް ފުދޭވަރެއްގެ ތަފްސީލެއް ލިޔުމުން ދިނީމެވެ. އަދި އެކޮމެޓީގެ ހުރިހާ މެމްބަރުންނަށް ކޮޕީކޮށް ފޮނުވާލީމެވެ. އެހެނަސް ޖަވާބެއްހާ ހިސާބު ވެސް އެއްވެސް ފަރާތަކުން ނުދިނެވެ. އެކަމާ މަޖްލިސް ރައީސަށް ސިޓީއެއް ލީމާ ޖަވާބުދެއްވީ، އެއީ މަޖްލިސް އެކޮމެޓީން ކުރާކަމެއް ކަމަށެވެ. އަޅުގަނޑު އެދުވަސްކޮޅު ހުރީ ހުރިހާ މީޑިއަކަށް އެރުމުން މަހްރޫމްކޮށް ފައެވެ. އަދި މަދުން ފުރުސަތެއް ދީފަ ޚަބަރު ގެނެސްދެނީ އޮޅުވާލައި ގެން ބުނާއެއްޗަކާ ދިމާ އިދިކޮޅަށެވެ. އެންމެ ބޮޑަށް މިގަނޑު ގަތީ، އުއްޗުއެއްގެ ދިޓީވީންނެވެ. ކިރިޔާވެސް ލައިވްކޮށް އަޅުގަނޑުގެ ބަސްދީގަތުމެއް އެންމެފަހަރަކު ގެނެސްދިނީ ރާއްޖެޓީވީގައި އުޅުނު ދެޒުވާނެވެ. ފަހުން އޭގެ ރިޕީޓެއް ނުގެސްދެއެވެ. އޭނާއަށް ޑިމޯޝަނެއް ދެވުނެވެ.
ފަހެ މި ދެމިގެންދިޔަ ހިމޭން ހަނގުރާމަ އީޖާދުވުމުގެ އަސްލަކީ، އެޖެންޓު ރާޖަށް ޕްރޮޖެކްޓް ނުލިބި ކަޓައިގެން ދިއުމެވެ. ފަހުން ދެޒަކީއާ ހިސާބުން ނެއްޓި ހިމޭންހަނގުރާމަ ކުރިޔަށް ދިޔައީ، ނެކްސްބިސް ކުންފުންޏާއި ޕީއޭފިކުރުގެ ފަޅިން އެމްޕީނާޒިމް އާ ދެމެދުގައެވެ. އަޑީގައި ތިބީ، ރާއްޖޭގައި އެވަގުތު އިދިކޮޅު ހަރަކާތް އުއްޗުއެއް ކިޔާ ފަރާތެއްގެ އަތުން ކޮންމެ ދުވަހަކަށް ދެވޭ ވަކިވަރެއްގެ ނަގުދު ފައިސާއިން ހިންގަމުން ގެންދިޔަ ސިޔާސީ ހަރަކާތަށް ޕީއޭ ފިކުރުން ވަދެ ހަޅޭލަވަން ތިބި އިސް ފަރާތްތަކު ތެރެއިން ވަކި ބައެކެވެ. ޚުދު ޔާމީނު ވެސް މިވާހަކަ ޕަބްލިކުގައި ގޮވާހެއްދެވި އެވެ. އެހެނަސް ނެކްބިސްގެ ވާހަކަ މަޚްލޫފް އަދި އަދާލަތު އިމްރާނުމެންގެ ކިބައިން އަޑެއް ނީވެއެވެ.
އާދެ! މިކަހަލަ ވިޔަފާރިވެރިންގެ އެހީގައި މިއީ ވަރަށް ހޫނުކޮށް ކުރިޔަށް ދިޔަ ސިޔާސީ ހިމޭންހަނގުރާމަ އެކެވެ. މިދޭތެރޭގެ ދެމެދުގައި ތާށިވެފައި ހުންނަން ޖެހިފައި ވަނީ، އަދިއަދަށް ދާންދެން ވެސް ސީދާ އަޅުގަނޑަށެވެ. ދަންނަވަން ތޯއެވެ! ދެވަނަ ފަހަރަށް ބިޑުތައް ދިރާސާކުރަން ޓެންޑަރބޯޑަށް ޖެހުނީ، ފުރަތަމަ ސިޔާސީ އޮއިވަރުގެ ތެރެއިންނެވެ. އެންވޮއި ސާހިބުޒަކީގެ އޮއިވަރަކީ ފުރަތަމަ މަރްހަލާއެވެ. މިއޮއިވަރާ ފުރަތަމަ އަޅުގަނޑަށް ފެނުނު އެޖެންޓާ ހިސާބުން އޮތީ ގުޅިލާމެހި ފައެވެ. މިއީ މި ހިމޭންހަނގުރާމަ ފެށުމުގެ އިބްތިދާއީ މަރްހަލާއެވެ. ދެވަނަ މަރުހަލާ ފެށުނީ، އެމްޕީ ނާޒިމް މީގެ ތެރެއަށް ވަންނަވައި އަމަލީ ގޮތުން ކުޅެން ފެއްޓެވި ހިސާބުންނެވެ.
އާދެ! ފުރަތަމަ މަރްހަލާ ގައި ހިމޭން ހަނގުރާމަ ކުރިޔަށް ގެންދިޔައީ ޓެންޑަރބޯޑު ތެރެއިންނާއި އިމިގްރޭޝަން ތެރެއިންނެވެ. ހެސްކިޔާފަ ސިޔާސީ ކުޅިތައް ރާވައިގެން ކުރިޔަށް ކުޅުއްވަމުން ހަމަލާތައް ރާވަމުން ދެމުން ގެންދިޔަ އެވެ. އިމިގްރޭޝަނުގައި އޭރުހުރި ސިޔާސީ އިސް މުވައްޒަފެއް ލައްވައި، މިޕްރޮޖެކްޓު ހުއްޓުވައި ދިނުމަށް އެދި، އޭނާގެ އަތުން ގެންގޮސް އޭނާގެ ނަމުގައި ސިޓީއެއް އޭސީސީއައި ހަވާލުކުރީ، ހޮވުނު ޕާޓީން އެގްރީމަންޓުގައި ސޮއިކުރި ދުވަހު ރަސްމީ އޮފީސްތައް ހުޅުވި ގަޑީގައެވެ. އަމާޒު ކުރެވިފައި ހުރީ އޭސީސީ ލައްވައި ވަގުތުން ދެފަރާތުން ކުރިޔަށް ގެންދިޔަ ސޮއިކުރުން ހުއްޓުވާ ލުމަށެވެ. އެސިޓީ އަކީ އެބޭނުމުގައި އޭސީސީއަށް ވެއްދި ސިޓީއެވެ. ފާރަލަމުން ގެންދިޔަ މިދެންނެވި ސިޔާސީ މަގާމުގައި ހުންނެވި މުވައްޒަފުގެ ގްރޫޕުން ސޮއިކުރިޔަ ނުދިނުމަށް އިމިގްރޭޝަން ތެރޭގަ އާއި ބޭރުގައި ތިބެގެން ގިނަ ކަންތައްތަކެއް ހިންގިކަން ފަހުން އެނގިފައި ވެއެވެ.
އެހެނަސް އެދުވަހު ހެދުނު ގަޑިއެއްގައި ބަންޑާރަނައިބު ދެއްވިލަފާތައް ހިމެނުމަށް ފަހު، ބަންޑާރަ ނައިބު ރަށުގައި ވަޑައިގެން ނޫޅުއްވާތީ، ބަންޑާރަ ނައިބުގެ ޑެޕިއުޓީއެއް ލައްވައި އެންމެންގެ ހާޒިރުގައި ތައްޔާރު ކޮށްފައި އޮތް އެގްރީމަންޓުގައި ސޮއިކުރާ ފައިނަލް ކޮޕީއަށް އެއޮފީހުން ވިދާޅުވި ބައިތައް ފުރިހަމައަށް ވެއްދިފައި ހުރީ ރަނގަޅަށްތޯ ކަމަށް ޗެކުކުރެއްވުމަށް ފަހު، އެބޭފުޅާ އޯކޭ ދެއްވައި އެކަމުގެ ލިޔުން ސިޓީއަކުން ލިބުމުން، އެގްރީމަންޓުގެ ހުރިހާ ގަނޑެއްގައި ކޮންޓްރޯލަރ ކޮޓަރިތެރޭގައި ހެކިންނާއެކު ވަށްމޭޒެއްގައި ތިބެގެން ދެފަރާތުން ސޮއިކޮށް ވަނީ ނިންމާލާފައެވެ. އޭރު ދިޔައީ ރަމްޒީގޮތުން ވަކި ކަރުދާސް ގަނޑެއްގައި ސޮއިކުރުން ކޮންފަރެންސް ހޯލްގައި މެންދުރަށް ތައްޔާރު ވަމުންނެވެ. އެއީ ނޫސްރިންނަށް މަންޒަރު ދެއްކުމަށާއި ނޫސްވެރީންނަށް އަޅުގަނޑު ބަސްދީގަތުމެއް ދިނުމަށް ބޭއްވުނު ޝޯއެކެވެ.
އޭސީސީން އެގްރީމަންޓުގައި ސޮއިކުރުން ހުއްޓުވާލުގެ ސިޓީ އަޅުގަނޑު އަތަށް ގެނެސްދިނީ، ރަމްޒީސޮއި ކުރުމުގެ ރަސްމިއްޔާތު ވެސް ނިމި، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީ ހަދާފައި އެނބުރި އަޅުގަނޑުގެ ރަސްމީ ކޮޓަރިއަށް އައިފަހުންނެވެ. ވީމާ ސޮއިކުރުން މަނާކޮށް ކޮންޓްރޯލަރަށް އެދުވަހުން އެދުވަހަށް އޭސީސީ ތެރެއިންލާފައި ނާޒައިޒު ގޮތުގައި ނެރުނު ރަސްމީ ސިޓީ، ފާރަލަމުން ގެންދިޔަ ޓީމުގެ ބުރަމަސައްކަތާ އެކުވެސް އަޅުގަނޑަށް ކިޔާލަން ލިބުނީ ހުރިހާކަމެއް ނިމުމަށް ފަހުގައެވެ. ﷲ އެކަން ނިންމެވީ އެގޮތަށެވެ! ﷲ އަށް ހަމްދު ކުރީމެވެ! އެސިޓީ އަޅުގަނޑަށް މިބައްދަލު ވުމުގެ ކުރިން ކިޔާލަން ލިބި ކިޔާލެވުނު ނަމަ މިމަންޒަރުތަކުގެ ޝޯ ނޫސްވެރިންނަށް ނުދެއްކުނީހެވެ. އަދި އަޅުގަނޑުގެ ބަސްދީގަތުން ވެސް ނުބޭއްވުނީހެވެ. ސޮއި ކުރުމުގެ ކުރިން ސިޓީ ކިޔުނުނަމަ، އަޅުގަނޑު އެކަމާގުޅޭ ގާނޫނީ ލަފާ ހޯދަން މަޖްބޫރުވީހެވެ.
އާދެ! އެހެނަސް ސޮއި ކުރުމުގެ ރަސްމީ ހުރިހާ ބައިތަކެއް ހިނގައި ނިމިފައި އޮތުމުން އަޅުގަނޑު ވަރަށް ވިސްނާފައި އޭސީސީއަށް އަވަސް ޖަހާފައި ސިއްރު ސިޓީއެއް ލިޔުނީއެވެ. އަދި މިކަމަށް އިމިގްރޭޝަނުގައި ޚާއްސަ ކުރެވިފައި އޮންނަކޮމެޓިއާ ކުއްލި މަޝްވަރާއެއް ދެފަހަރެއްގެ މަތީން ކުރީމެވެ. އަދި އަނެއް ދުވަހު ހެނދުނު އޭސީސީއަށް އަޅުގަނޑާއި އެކޮމެޓީގެ އެކަކާ ދެމީހުން ގޮސް ވަދެ އެތާގައި އިރުގަނޑަކު ތިބެގެން، އޭސީސީގެ ރައީސް ލުތުވީ އާއި އެކޮމިޝަނުގެ އެހެން މެންބަރަކާ އެކު ހަތަރު މީހުން އެކުގައި ތިބެގެން ގިނަ ވާހަކަތަކެއް ދެފަރާތުން ބަދަލުކޮށް ހެދީމެވެ. ވަރަށް ސާފުކޮށް އަޅުގަނޑު ސޮއިކޮށް ނިންމި އިރު އޭސީސީގެ ސިޓީ ނުކިޔާ ކަމަށާއި މިހާރު އެވަނީ ދައުލަތުން ނިންމެވި ގޮތަށް އެޕްރޮޖެކްޓު ކުރިޔަށް ގެންދިއުމަށް ދެފަރާތުން އެއޮތީ އެއްބަސްވެވި އަގްދު ކުރެވިފައި ކަމަށް ދެންނެވީމެވެ. އަދި ކޯޓުން ނޫންގޮތަކަށް އެކަމެއް ނުހުއްޓުވޭނެ ކަމަށް ވަރަށް ސާފުކޮށް ދެންނެވީމެވެ. އަޅުގަނޑު އެ އެއްބަސްވުމަށް އަމަލުކުރުން ކޯޓުން ނާންގާހާ ހިނދަކު ކުރިޔަށް ގެންދިއު މަކީ އަޅުގަނޑަށް ވާޖިބުވާނެ ކަމެއްކަން ވަރަށް ސާފުކޮށް ދެންނެވީމެވެ. ތަފްސީލުކޮށް ބުނެދީ ދިވެހި ދައުލަތަށް، މިކަން ކުރިޔަށް ގެންދިއުމުން ފައިދާތަކެއް ވެގެންދާނެކަން ސާފުކޮށް ކިޔައި ދިނީމެވެ. އަދި މިސިސްޓަމުން އޭސީސީއަށް ވެސް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެވިދާނެކަމަށް ކަޔައި ދިނީމެވެ.
ދެން އެދުވަހު އޭސީސީން ނުކުމެގެން އައިސް، ކޮންޓްރޯލަރ ކޮޓަރިތެރެއަށް ވަދެ، ވުޟޫކޮށް ހަދައިގެން އެތަނުގައި ނަމާދެއްކޮށް، ﷲ އަށް ދުއާކުރުމަށް ފަހު އަދިވެސް އިތުރަށް ވަރަށް ގިނައިން ވިސްނީމެވެ. އެކިގޮތްގޮތަށް އެކަނި އިނދެގެން ޚިޔާލުތައް އަނބުރާ ހެދީމެވެ. އެއަށް ފަހު، އަޅުގަނޑު ނިންމީ ދައުލަތުގެ ނަމުގައި ސަރުކާރުން އެންގެވި ގޮތަށް އަދި އަގްދު ވެވުނުގޮތަށް މިކަންތަކައިގެން ބާރަށް ކުރިޔަށް ދާށެވެ. އޭސީސީން އެކުރަނީ ސިޔާސީ މަސައްކަތެއް ކަމުގައެވެ. އެއަޒުމުގައި ކުރިޔަށް ދާންފެށީއެވެ.
ފަހެ، އޭސީސީން ކޯޓަށް ދިއުމުންވެސް ދަށުކޯޓުން ނިންމީ، ކުރިޔަށް ގެންދާށެވެ. އަދި ސްޕްރީމްކޯޓުން ވެސް ހުކުމްއައީ އޭސީސީއަށް ބައެއްގެ ހައްގުތައް ހުރި އަގްދު އުވާލާއި ޕްރޮޖެކްޓް ހުއްޓުވުގެ ބާރެއްނެތް ކަމަށެވެ. މިހާރުވެސް ސްޕްރީމްކޯޓުން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވި ގަޒިއްޔާ އެކޯޓުގެ ވެބްސައިޓުގައި ފެންނަން އެބަހުއްޓެވެ.
އެހެނަސް ސިޔާސީ ނުފޫޒެއްގައި ޖެހި އޭސީސީން މިތަހުގީގު ހުއްޓައި ނުލާ ކުރިޔަށް ގެންގޮސް، އަޅުގަނޑު ފަރުދީގޮތުން އިދާރީ ޒިންމާތަކެއް ފުރިހަމަ ނުކޮށްހުރި ކަމަށް ހަދައި އިތުރު ބަޔާންތަކެއް އިމިގްރޭޝަނަށް ދެފަހަރެއްގެ މަތިން ފުލުހުންނާ އެކު ވަދެ، މުޅިތަން ޗެކްކޮށްހަދައި އެޕްރޮޖެކްޓުގެ ދަށުން ފަރުމާކުރި ސޯފްޓްވެއާއަށް ދާންދެން ޗެކްކޮށް، ތަޖްރިބާތައް ކުރުމަށް މުވައްޒަފުންނަށް ދޫކޮށްގެން ގެންގުޅުނު ހުރިހާ ލެޕްޓޮޕްތަކާއި އެހެން ބައެއް ލިޔުންތައް ވެސް އޭސީސީއަށް ގެންދިޔައެވެ. ލެޕްޓޮޕްތަކަކީ ރިޝްވަތަށް ނެކްސްބިސް ކުންފުނިން ދީގެންއުޅޭ އެއްޗަކަށް ހަދައި މުޅިމީޑިއާގައި އޭސީސީން ލުތުފީއަކާއި ހިލްމީއެއް އަރާތިބެ، ސިޔާސީގޮތުން އަޅުގަނޑު ފަލީހަތްކޮށް، ބަދުނާމު ކުރީއެވެ. ސިޔާސީ ގޮތުން ކަތިލަން ބައިވެރިވެ ދިނީއެވެ. އަދި އިމިގްރޭޝަނުގެ ބައެއް އޮފިސަރުން އޭސީސީއަށް ޗިޓު ފޮނުވައިގެން ހާޒިރުކޮށް އަންހެން އޮފިސަރުން ބިރުދައްކާއި ރޮއްވައި ހަދައިގެން ބަޔާންތައް ނެގުމަށް ފަހު، އެމައްސަލަ ވެސް ޕީޖީ މެދުވެރިކޮށް ކޯޓަށް ވެއްދީއެވެ. އެހެނަސް އެލެޕްޓޮޕްތައް ހަތްދުވަހުގެ ތެރޭގައި ނެކްސްބިސް ކުންފުންޏާ ހަވާލުކުރުމަށް އަންގައި ކޯޓުންވަނީ ހުކުމްކޮށް ނިޔާ ކަނޑައަޅާފަ އެވެ. އަދި އިތުރު ދައުވާތައް މިގޮތުން އަޅުގަޑުގެ މައްޗަށް އުފުލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އޭސީސީން ތަފާތުއެތައް މައްސަލަތަކެއް އީޖާދުކޮށް ފޮނުވާލިއެވެ.
އެހެނަސް ﷲގެ ރަހްމަތުން، އެމައްސަލަ ތައްވެސް ވަނީ، ނެކްސްބިސް ކޮޅަށްނިމި އިންސާފު ލިބިފައެވެ. އަޅުގަނޑުގެ ވެސް އެއްމައްސަލަ ފިޔަވާ އެހެން ހުރިހާ މައްސަލަ ތަކެއް ވަނީ ޕްރޮސިކިއުޓަރ ޖެނެރަލާ ހަމައިން އޭސީސީއަށް އެމައްސަލަތަކުގައި ގާނޫނީ ބިނާއެއް ނެތިގެން އަނބުރާ ފޮނުވާލާ ފައެވެ. މީގެތެރެއިން އެއްމައްސަލަ އޭސީސީ މީހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅިކަމަށް ހަދައި އަޅުގަނޑު އެމީހުން އިމިގްރޭޝަނަށް ނުވައްދަން އުޅުނުކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސާވިސް އަށް އޭސީސީން ހުށަހެޅި އެވެ. އެހެނަސް އެމައްސަލަ ވެސް މެދުތެރެއިން ބެލުން ހުއްޓާލުމަށް ފަހު، އެމްޕީ އަބްދުﷲ ރުޔާޒު ސީޕީއަށް ހުންނެވި އިރު ވަނީ ފުލުސް އޮފީހުން ބޭރުކޮށް ލާފައެވެ.
ދެން ކޯޓަށް ވެއްދި ހުރިހައި މައްސަލައެއް ވަނީ، ސާބިތުނުވެ ނިމިފައެވެ. ކޯޓުގައި ނުނިމިއޮތީ ފަރުދީގޮތުން އަޅުގަނޑުގެ މައްޗަށް ދައުލަތުން ކުރާ، ނެކްސްބިސް ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރިކަމަށް ބުނެ ކުރަމުން ގެންދާ ކޮރަޕްޝަނާއި ފަސާދައިގެ ދައުވާއެއް އެކަންޏެވެ. އަދިވެސް ހުކުމެއް ނީއްވައި އެގަޒިއްޔާ ގެންދަނީ، ސިޔާސީ ގޮތުން ދަންމަމުން ކުރިޔަށެވެ. ކޯޓަށް ނުކިޔާތާ ދޮޅުއަހަރަށް ވުރެވެސް ގިނަވެގެން ހިގައްޖެއެވެ. މައްސަލަ ބަލަން ތިއްބަވާ ފަނޑިޔާރުން ބަދަލުވެ އެއްގާޒިއަކު ގެންގުޅުއްވާ ބަޔާންތައް އަނެއް ފަނޑިޔާރަށް ބަދަލުވާއިރު ނުލިބި ހުންނާތީ، އަލުން މައްސަލަ ބަލަން ފަށާފައިވެސް އެބަހުއްޓެވެ. ދިގުލަމުން ދެމެމުން ހަމަ ދަނީއެވެ. އަޅުގަނޑު ސިޔާސީ ގޮތުން ތާށިވެފައި ރަށުބަންދުގައި ހުންނަން ވީއެވެ. 2011 ގައި އުފުލުނު މިދައުވާ އަދިވެސް ޗުއިންގަމް ކިރުގަނޑެއް ހެން ދަމަދަމައިގެން އޮލަކުރި ގޮތަށް އެނބުރި އަނެއްކާ ވެސް ގަނޑުވެ ހަރުވެފައި ހަމަ އޮތީއެވެ.
އާދެ! އެހެނަސް އިންސާފު ލިބޭނެކަމުގެ ޔަގީންކަން އަބަދުވެސް އަޅުގަނޑަށް އޮވެއެވެ. އެއީ އަޅުގަނޑުގެ އަގީދާއެވެ. އީމާނެވެ. ޕީޖީއޮފީހުން ކޯޓަށް ވަޑައިގަންނަވާ ބޭފުޅުން އެންމެބޮޑެތި ފައިލުގެ ފުރިފައި ހުންނަ، 6 ފައިލް ގެންގުޅުއްވާ ތަން ފެނެއެވެ. އެބޭފުޅުން އެފައިލްތައް އުފުއްލަވާ ހައްދަވަނީ ވެސް އޭސީސީގެ ނަންޖަހާފައި އޮންނަ ވެހިކަލެއް ގައެވެ. އެވަނީ ކިހިނެއްކަމެއް ސާފެއް ނުވެއެވެ. ކޯޓަށް ވައްދާ އިރުވެސް ތިންބޭފުޅުން އެތަކެތި އުފުލުމު ގައި އުނދަގު ހާލުގައި އުޅުއްވާތަން ފެނެއެވެ. ފައިލްތަކުގައި ނަންބަރު ތަރުތީބުން ޖަހައި ކޭސް ނަންބަރަކަށް ޖަހާފައި ހުއްޓާ ފެންނަނީ، ބޯޑަރ ކޮންޓްރޯލް ކޭސް، 2858/2011 އެވެ. ދިވެހި ބަހުން ކޮންމެފައިލެއް ގައި މިގޮތަށް ޖަހާފައި އޮވެއެވެ. މި މައްސަލައާ ގުޅިގެން އަޅުގަނޑަށް ހަމްދަރުދީ ވާތީއޭ ކިޔާފައި އެކުށުގެ ތުހުމަތުގައި އޭސީސީން ކަނޑާލި މުވައްޒަފުން އެބަތިއްބެވެ. އެއިން އެކަކީ ޑިގްރީއެއް އޮންނަ އެކްސްޕާޓް ލޮޔަރެކެވެ.
އާދެ! އަޅުގަނޑު ގަބޫލުކުރަނީ ހެއްކެއް ގަރީނާއެއް ސީދާ އަޅުގަނޑުގެ މައްޗަށް ފެންނަން ނެތުމުން، ޒަމާނަށް ދެމިގެންދާ ގޮތަށް އަޅުގަނޑު ރަށުބަންދު ގައި ބަހައްޓާފައި ހުންނަނީ ކަމަށެވެ. ހެކިހުރިނަމަ ހުކުމްކޮށް ފައި ޖަލަށް ލާންވީނޫން ތޯއެވެ. އެންމެދިގު ވެގެންވެސް އާ ގާނޫނުލްއުގޫބާތުގެ ދަށުން ގެނެވޭނީ، ތިންއަހަރުގެ ޖަލުހުކުމެކެވެ. މިހެން ބަހައްޓާތާ މިހާރު ފަސްއަހަރަށް ވުރެ ގިނަ ވީއެވެ. ފަހެ، މިހާރު މިނިވަންވެގެން ނުކުމެވޭހާ ދުވަސް މިއަނިޔާގައި މިގޮތަށް އަނބިދަރިންނައި ވަކިން ހުންނަތާ ވެއްޖެއެވެ.
އަޅުގަނޑަށް ބެލެވިފައި އޮންނަނީ، މުޅި މި ކަމަކީ، ސިޔާސީ ނުފޫޒެއްގެ ދަށުން، ސިޔާސީ ގޮތުން ހިންގަމުން ގެންދާ ބޮޑު ޖަރީމާއެއް ގޮތުގައެވެ. ހިމޭން ހަނގުރާމަ އެއް ގޮތުގައި ކުރަމުން ގެންދާ ނަފްސާނީ އަނިޔާއެއް ކަމުގައެވެ. ހަގީގަތުގައި ވެސް އިންސާނީ ހައްގުތަކާއި އިންސާނާގެ ކަރާމަތާ މުޅިން ޚިލާފަށް ކުރެވޭ އަޒާބެކެވެ. ދައްކާ އަނިޔާއެކެވެ. އިންސާފެއް ނުދީ އެއްވެސް އިންސާނަކު ވަކިކަމެއްގެ ތުހުމަތުގައި ތާށިކޮށްފައި ބެހެއްޓުމަކީ، ބައިނަލް އަގުވާމީ ގޮތުން ބޮޑު ކުށެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ވެސް ކުށެކެވެ.
ފަހެ، އަޅުގަނޑުގެ ދައުވާ ނިމުމުގެ ކުރިން، މިހާރު ސިންގަޕޫރުގެ އާބިޓަރޭޝަން ކޯޓުގައި ހިންގަމުން ގެންދާ، ނެކްސްބިސް ކުންފުނީގެ ބަދަލު ދިނުމުގެ އާބިޓަރޭޝަން މައްސަލައިގެ ހުކުމް، ޖީއެމްއާރު މައްސަލަ އެކޯޓުގައި ނިމިގެންދިޔަ ބީދައިން ނިމިގެންދާނެ ކަމަށް ލަފާކުރެވެއެވެ. ޝައްކެއްނެތް ގޮތުގައި މިއީ ބޮޑުދޮގުންނާއި ހީލަތުން ފުރިގެންވާ އެލިގޭޝަނެކެވެ. ތުހުމަތެކެވެ. ފްރޯޑް ކޭހެކެވެ. އަސްލެއް ނުވާ، ފެބްރިކޭޓް ކޮށްފައިވާ ކޭހެކެވެ. ބޮޑު އޮޅުވާލުކެވެ. ސިޔާސީގޮތުން އުފައްދާފައިވާ ކޭހެކެވެ.
އަދި، ދަންނާށެވެ! މިކޭހައި ގައުމީ އިއްތިހާދު ޕާޓީ އުވާލުމާ މެދު، އެއްވެސް ކަހަލަ ސީޔާސީ ގުޅުމެއް، އަދި ޒާތީގުޅުމެއް ވެސް ނެތެވެ. ސާފުކޮށް މިހާރު ފާޅުވެ ހެއްކާ އެކު އެނގިފައިވާ ހަގީގަތަކީ، ގައުމީ އިއްތިހާދު ޕާޓީގައި ފަހަކަށް އައިސް ޕާޓީގެ ހިންގާކޮމެޓީއަށް ދާންދެން ތިބީ، އެހެން ފިކުރު ތަކުން ފަންޑުދީގެން ގެންގުޅުނު، އަދި މުޅިން އެހެން ޓާސްކެއްދީފައި ފޮނުވިފައި ތިބި، ހިމޭން އެޖެންޓުން ތަކެއް ކަމަށް ސާބިތުވެފައި ވުމެވެ. ޕީއޭއިން ރަސްމީކޮށް ފޮނުވާފައި ތިބި މީހުން ގިނައިން ތިއްބެވެ. ރައީސް ވަހީދުގެ ސަރުކާރު ތެރޭގައި ނުފޫޒު ގަދަކޮށް ވަކި ހިއްޕާލާފައި ތިބީ، ގިނައިން ޕީއޭފިކުރުގެ ހިމޭން އެޖެންޓުން ނެވެ. އެމީހުންގެ ސިޔާސީ ރޭވުންތައް ވަރަށް ސްޓްރެޓެޖިކް ވެފައި އެހާމެމޮޅެވެ. ރައީސް ވަހީދުގެ ސަރުކާރު ސުންނާފަތިކޮށް ލިއެވެ. ރައީސް ވަހީދުގެ ރިޔާސީ ކެންޕޭން ފުނޑާލިއެވެ. ރައިސް ވަހީދާއި ރައިސް ނަޝީދު އަބަދުވެސް ޖެއްސުވިއެވެ. ކެންޕޭން މެޓީލިއަލްސް އަތުލައިގެން ގެންގޮސް ކަނޑަށް އުކާލާ ހެދިއެވެ. މިކަހަލަ އެތައް ކަމެއް ޕީއޭ ފިކުރުގެ އިސްމީހުން އެހެން ސިޔާސީ ލީޑަރުންނާ އެކު ގުޅިގެން އެތައް ސިޔާސީ ދުއްޕާނެއް ރައީސް ވަހީދަށް ކުރިއެވެ. ވަހީދުގެ ރިޔާސީ ކެންޕޭން އޮފީހުން ހެސްކިޔާ އޮޅުވާލައިގެން ބޮޑެތި އަދަދުގެ ފައިސާނަގައިގެން އަތޮޅު ތެރެއަށް ނުގޮސް ހަދާފައި ވެއެވެ. ފުރަތަމަ ފަހަރު ބާތިލުކުރި ނަތީގައި، 5% އަށް ވައްޓަލުމަކީ ވެސް މިފަރާތްތައް ގުޅިގެން އަޑިން ރޭވުނު ކަމެކެވެ.
އާދެ! ރައީސް ވަހީދަކީ، ސިޔާސީގޮތުން އެފަދަ މީހުންނަށް ހުރި ބޮޑުބިރެއްކަމާއި ނުރައްކަލެއްކަމާއި ހުރަހެއްކަމަށް އެމީހުން މާކުރިން ފެށިގެން ދެކެފައި ވާތީ، ވަރަށް ދުރާލައި ގެންދިޔައީ ސިޔާސީ ގޮތުން ހުރަސްތައް ކުރިމަތި ކުރުވުމުގެ ބޮޑެތި ފިއްތުންތައް ފިއްތާއި ދަތިކުރުމުގެ އެކިއެކި ފިޔަވަޅުތައް އެކިގޮތްގޮތުން ރާވައިގެން އަޅަމުންނެވެ. އެއްރޭ ދަންވަރު އޭނާ ދިރިއުޅުއްވި އަމިއްލަގެ މައްޗަންގޯޅި ޔުރިކާ އަށް ސިފައިނާއި ފުލުހުން ވައްދަން ރޭވިއެވެ.
އާދެ! އެފަދަ ނުލަފާ ރޭވުންތަކުގެ ޝިކާރައަކަށް އެންމެ ކުރީކޮޅުގައި އަމާޒުވެގެން ދިޔަ ސިޔާސީ މީހުން ތެރޭގައި އެންމެ އިސްކޮށް ޓާގެޓްކުރެވިފައި ހުރީ، އޭނާގެ ޅިޔަނަކަށް ވާތީވެ، ސީދާ އަޅުގަނޑެވެ. ސިޔާސީ ގޮތުން އަޅުގަނޑުގެ ވަރަ (ފިޔަގަނޑު) ބިންދާ ލުމަކީ، ރައީސް ވަހީދަށް އެޅޭ ހުރަހެއް ކަމުގައި އެފަދަ ބިރުހީވާ މީހުންނަށް އޮތީ ހިތުގެއަޑިން ގަބޫލު ކުރެވިފައެވެ. އަޅުގަނޑަށް ދިމާވާ ސިޔާސީ ހުރަސް ތަކަކީ، އެގޮތުން ރާވައިގެން އެފަދަ މީހުން އަޑީގައި ތިބެގެން އަޅަމުން ގެންދާ ސިޔާސީ ފިޔަވަޅު ތަކެވެ. ހުރަސްތަކެކެވެ. ގޯނާތަކެވެ. ސީދާ އަނިޔާއެވެ.
ފަހެ، ގައުމީ އިއްތިހާދު ޕާޓީ އުވާލަން ނިންމީ، އެޕާޓީގެ ހިންގާކޮމްޓީގެ ބައްދަލު ވުމެއްގައި ނެގި އިއްތިފާގުވި ވޯޓަކުންނެވެ. އަޅުގަނޑު ވެސް ވޯޓުދިނީ ރަސްމީކޮށް ގާނޫނީ ހަމަތަކުގެ މަތީން އުވާލާށެވެ. އެއަށްފަހު، ޕީޕީއެމާ ގުޅޭށެވެ. އަޅުގަނޑަށް ގަބޫލުކުރެވި އޭރު ވިސްނިފައި އޮތީ، އަދި ޕީޕީއެމްގެ ވެރިންނާއި ވާކަތައް ދެކެވި ލިޔުމުން އެއްބަސް ވުމަކަށް އާދެވިފައި އޮތީ، ވެސް ޕީޕީއެމުން ރައީސް ޔާމީން އުފައްދަވާ އާ ސަރުކާރުން ސަރުކާރުގެ ބައެއްމަތީ ސިޔާސީ މަގާމުތަކަށް ގައުމީ އިއްތިހާދު ޕާޓީން ފޮނުވިނަން ތަކަށް ވަޒީފާތައް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އެކަމަށް ތައްޔާރު ކުރެވުނު ލިސްޓުގެ އެންމެ ކުރީގައި އަޅުގަނޑު ގެނަން އެއްވަނައަށް އޮތެވެ. ފަހެ، އެލިސްޓުވެސް ޕާޓީގެ އެބައްދަލު ވުމުގައި ގެންގުޅުނެވެ. އެހެންވުމާ އެކު، އަޅުގަނޑަށް މުޅިންހެން ވިސްނި ގަބޫލު ކުރެވިފައި އޮތީ، އަޅުގަނޑު ހުރި މަގާމު އަނެއްކާ ވެސް ދެމިގެންދާނެ ކަމަށެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ވޭތިޔަވެދިޔަ، އޮނަވިހި އަހަރު ދެމިހުރިގޮތަށް އެޚިދުމަތް ދިނުން މަތީގައި އަދިވެސް ކުރިޔަށް ދެމިގެންދެވޭނެ ކަމަށެވެ. އެއްގޮތަކަށް ވެސް ރައީސް ޔާމީނަކީ، މިހާޒާތީ އަދި ޒިއްދީ ހަސަދަލައިގެން މީހަކާ މެދު މުޅިއުމުރަށް ހުންނަވާނެ ވައްތަރުގެ ގޮތްދޫނުކުރާ ހަރުކަށި ޝަޚުސިއްޔަތެއް ކަމަކަށް ގަބޫލު ކުރެވިފައެއް ނެތެވެ.
އާދެ! އަޅުގަނޑަށް އެފަދަ ގޮތްތައް ހަދަމުން ގެންދެވިޔަސް ރައީސް ވަހީދަށް އޭނާގެ ފުށުން ފުރިހަމަ އިހްތިރާމް ދޭނެކަމަށް ސައްތައިން ސައްތައަށް އަޅުގަނޑަށް އޭރު ހުރެވުނީ ހިތުގެ އަޑިންގަބޫލު ކުރެވިގެންނެވެ. އެކުންއެކަން އެހެންވީ، ރައީސް ވަހީދުގެ ވެރިކަން ހަރުދަނާކޮށް ވަރުގަދަ ކުރަން ޖެހޭ ގިނަކަންކަން ކުރުމަށް ކެރި ވަޑައިނުގަނެ ދޫދެއްވައި ޔާމީނުގެ ސިޔާސަތަށް ގިނަޖާގަތައް ދެއްވާފައި އޮތީމައެވެ.
އާދެ! އެރޭގެ ގައުމީ އިއްތިހާދު ޕާޓީގެ ހިންގާކޮމެޓީގެ ވޯޓު ނިމުނުފަހުން ދެގަޑިއެއްހާ އިރުފަހުން، ޕާޓީތެރޭގައި ވަރަށް އިސްކޮށް ހަރަކާތްތެރިވެ އުޅުއްވި އިސްބޭފުޅެއްގެ ފަރާތުން ގުޅާފައި އިލްޔާސް އެކަނި ނަމަވެސް ސޮއިކޮށްފައި ޖީއައިޕީ އުވާލިޔަ ނުދިމުމަށް އެދި، އިލެކްޝަންސް ކޮމިޝަނުގައި ސިޓީއަކުން ދެންނެވުމަށް އެދުނެވެ.
ފަހެ، އެކަން ކުރުމަށް އަޅުގަނޑުގެ ޒަމީރު ގަބޫލުނުވީ، ޕީޕީއެމް ސަރުކާރުން އަޅުގަނޑުގެ ވަޒީފާ އޭރުހުރިގޮތަށް ދަންމައިދޭނެ ކަމުގެ ގެރެންޓީ ލިބިފައި އޮތުމުންނެވެ. އަދި އެކަން ހިފައިގެން އިލެކްޝަންސް ކޮމިޝަނަށް ހިނގަން ޕާޓީގެ ހިންގާކޮމެޓީގައި ހަމައެކަނި އެކަނި އަޅުގަނޑު ހުރީތީއެވެ. ހިންގާކޮމެޓީ ތެރެއިން އިތުރުތާއީދެއް މިކަމަށް ނާންނާނެކަން ރަނގަޅަށް ސާފުކޮށް އެނގޭތީއެވެ. އެހެނަސް އާންމު މެމްބަރުންގެ ތެރޭގައި ގިނަ ފަރާތްތަކެއް ޕާޓީ އުވާލިޔަ ނުދިނުމަށް ބާރު އަޅައިދިނުމަށް އެދެމުންދިޔަ ތިއްބެވެ. ފަހުންވެސް ކުރިން ގުޅި ފަރާތުން ދެދުވަހެއްގެ މަތީން ގުޅާފައި އަދި ކޮފީއަކުން ބައްދަލުކޮށް ވެސް އެކަމައިގެން އަޅުގަނޑު އުޅެދިނުމަށް ވަރަށް އެދުނެވެ. ސިޔާސީ ޕާޓީއެއް ދެންއަލުން ހެދޭނެ ފުރުސަތެއް މިގައުމުގައި ދެނެއް ނުލިބޭނެ ކަމަށް އޭނާ އަޅުގަނޑަށް ވިސްނައި ދެމުން ވަރަށް ދިގުކޮށް މިވާހަކަތައް ތަކުރާރު ކުރެއްވިއެވެ. އަދި ބުނެ ދެއްވިއެވެ. އިލްޔާސަށް ޖެހޭނީ ތިޔަޝަކުވާ ހަމައެކަނި ހުށަހަޅާލަ ދޭށެވެ. އޭނާ ހުރިހާކަމެއް ކުރިޔަށް ގެންދާނެ ވާހަކަ ވެސް ތަކުރާރުކޮށް ހާމަ ކުރެއްވިއެވެ. އިލެކްޝަންސް ކޮމިޝަނުގެ އިއްތިފާގު ޖީއައިޕީ އުވާނުލާ ބޭއްވުމަށް ލިބޭނެ ވާހަކަ ވެސް އޭނާ ބުނެ ދެއްވިއެވެ. އަދި މީގެއިތުރަށް ކޯޓު މަރުހަލާއަށް ދިޔައަސް އޮންނާނީ ހުރިހާކަމެއް ހަމަޖެހިފައޭ އޯކޭވާނެއޭ ބުނެދެމުން ގެންދެވިއެވެ. ޖީއައިޕީ ދަމަހައްޓައިދޭށޭ ކިޔާފައި މިބޭފުޅާ އަޅުގަނޑަށް ދުވަސްގަނޑެއް ވަންދެން ޕްރެޝަރު ކުރިއެވެ. އެހެނަސް އަޅުގަނޑު އެފަދަ ސިޓީއެއްގައި ސޮއިކުރާ ހިތެއް އެއް ގޮތަކަށް ވެސް ނުޖެއްސެވި އެވެ.
ފަހެ، މިއިންކަމެއް ނުހިނގާ އެއްވެސް ހުރަހެއް ނެތި، ރީތިކޮށް އޮމާންކަމާ އެކު އިލެކްޝަންސް ކޮމިޝަނުން ދޮޅުމަހެއްހާ ދުވަހު ތެރޭގައި ޖީއައިޕީ އުވާލަދެއްވައި އެކަން ރަސްމީކޮށް އިއުލާނު ކުރެއްވީއެވެ. އެހިސާބުން އަޅުގަނޑު އިސްކޮށްހުރެ އުފެއްދި ޖީއައިޕީ މޫނުއަޅާއި ފަސްއަޅައި ވަޅުލާ ނިމުނީއެވެ. އަޅުގަނޑުގެ ވިންދާއި ލެއާއި ހިތާއި ސިކުނޑިއާއި ޖާނުން ފިދާވެގެން އުފެއްދި ފުރަތަމަ ސިޔަސީ ޕާޓީ، އެމްޑީޕީ އަދިވެސް ސިޔާސީގޮތުން އަމަލީ މައިދާނުގައި ދެމިއޮތީތީ މިއަދުވެސް، އަދި އަބަދުވެސް އުފާވާނެއެވެ. އެއީ އަޅުގަނޑުގެ ޖާނު ދެވުނު، އަދި ބޮޑު ހިއްސާއެއް ދެވުނު ފުރަތަމަ ސިޔާސީ ޕާޓީއަށް ވީތީއެވެ. އެކަމާ އަބަދުވެސް ފަޚުރުވެރި ވާނަމެވެ. އަދި އެޕާޓީ އުފެއްދުނު ހަގީގީ ފިކުރަށް ރުޖޫއަވާތަން ފެންނަ ދުވަހަކުން ކިތަންމެ ދުވަސްވެފައި ހުއްޓަސް އަމަލީ ގޮތުން ވެސް އަލުން އެހަރަކާތަށް ނުނިކުމެއެއް ނުހުރެވޭނެ ކަންޔަގީނެވެ.
ފަހެ، ދަންނާށެވެ! ވީމާ އަޅުގަނޑުގެ ދެވަނަ ސިޔާސީ ޕާޓީ ގައުމީ އިއްތިހާދު އުވާލުމާއި ކޯޓުގައި އޮތް، މޯލްޑިވްސް އިމިގްރޭޝަން ބޯޑަރ ކޮންޓްރޯލް ސިސްޓަމް ކޭސްއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއްނެތެވެ. އަދި ޕާޓީގެ ފަރާތުން އެކަމުގައި އެހީއެއް ހޯދުމުގެ އެއްވެސް ފިކުރެއް ޚިޔާލެއް ކުޑަކޮށް ވެސް އެއްވެސް އިރެއްގައި ކުރެވިފައެއް ނުވެއެވެ. އެޕާޓީން އެހީއެއް ހޯދާނީ ކިހިނެއްތޯއެވެ! ރައީސް ވަހީދު ސަރުކާރުން އެކަމާ ވަނީ، ރައީސް ނަޝީދު އަޅާލެއްވި ވަރުވެސް ނުކޮށް ދެއްވާފައެވެ. ރައީސް ވަހީދު ވެސް އަޅުގަނޑު އިމިގްރޭޝަނުން ހުތުރުކޮށް ބޭރުކޮށްލީ ނޫންތޯއެވެ! އެއީ އެއްވެސް އިރެއްގައި އެއްވެސް މިންވަކަށް ހިތަށް ކުޑަކޮށް ނަމަވެސް އައި ކަމެއް ވެސް ނޫނެވެ. އަދި ރައީސް ވަހީދުގެ ސަރުކާރުން ވެސް އަޅުގަނޑުގެ ހައްގުގައި އެންމެ ކުޑަމިނުން އެޕްރޮޖެކްޓަށް ތާއީދުކޮށް، އަކުރެއް ވެސް އަޅައެއް ނުލައެވެ. އަދި އީޖާބީ ބަހެއްވެސް ބުނެލާފައެއް ނެތެވެ. އޭގެ ބަދަލުގައި ކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނިފައި ހުރީ މުޅިންވެސް އަޅުގަނޑަށާއި އަޅުގަނޑުގެ ކޭސް ވަރުގަދަ ކުރުމަށް ކޮށްފައިވާ ކަންކަމެވެ. އެކަން ރާވަންތިބި ބަޔަކު ރާވާ ހަމަތަކުގެ މަތީން، ރައީސް ޔާމީނު އެދިވަޑައި ގަންނަވަމުމުން، ވަޑައިގެންނެވި ހުރިހާ ގޮތަކަށް ބަރާބަރަށް ހުރިހާކަމެއް ރައީސް ވަހީދުގެ ސަރުކާރު ތެރެއިން ދަމަހައްޓައި ދިންތަން ހާމަކޮށް ފެނުނެވެ.
ފަހެ، ރައީސް ޔާމީނު މިކަން ގެންގުޅުއްވީ، ޖީއެމްއާރު މައްސަލަ ސިޔާސީގޮތުން ގެންގުޅުއްވި ގޮތަށް އެކަމައި އެއް ފެންވަރުގައި އެއް ހަމައެއްގައެވެ. ޖީއެމްއާރުގެ ވާހަކަދެއްކެވި ކޮންމެތާކު ކޮންމެ ފަހަރަކު ނެކްސްބިސްގެ ވާހަކަ އެވާހަކައާ ވިއްދައިގެން ގެންނަވާފައި ވެއެވެ. އަދި ގައުމަށްޓަކާއި ދީނަށްޓަކައި އެއްވި އެއްވުންތަކުގައި އެއްރެއަކު ދިވެހި ސަގާފަތަށް ޚިދުމަތްކުރައްވާ ބޭފުޅެއް ކަމުގައިވާ ޝާމިޚް (މިނަންކިޔާ ބޭފުޅެއް) ނެކްސްބިސް ޕްރޮޖެކްޓުގެ ބޭނުންތެރިކަން ފާހަގަކޮށް ދެތިންޖުމްލަ އޭނާގެ ވާހަކާގައި ގެނެސްގެން އެރޭގެޖަލްސާ ނިންމާފައި އޭނާ ގެއަށްދިޔަ މަގުމަތީގައި ގޮތްނޭނގޭބަޔަކު އައިސް އޭނާގައިގާ ތަޅައިގަނެ އަނިޔާކުރިއެވެ. އަދި އެތައް އިންޒާރުތަކެއް ޝާމިޚަށް ދިނެވެ. ޕޮލިހުންނަށް ވަނީ، އަދިއަދަށް ވެސް އެބަޔަކު ނުހޯދިފައެވެ. ޖީއެމްއާރު ރާއްޖެއިން ބޭރުކުރި ފަދައިން މިކަމުގައި ކުރީގެއެމްޕީ ނާޒިމް ލައްވައި ވަރަށްބޮޑަށް އެކިގޮތްގޮތުން ސިޔާސީ ކުޅިތައް ކުޅުވިއެވެ. ސިޔާސީ ކުލަތައް އިންތިހާއަށް ޖެއްސުވިއެވެ. މި ހުރިހާކަމެއް ހިންގަމުންދިޔައީ ސިޔާސީ ބޭނުމެއްގައި ސިޔާސީ އެދުންތަކެއް ހާސިލް ކުރުމަށެވެ. ޕްރޮޖެކްޓުގެ ފައިދާއަށް ވިސްނާލެއްވި މީހެއް އޭގެތެރެ އަކު ނެތެވެ. ރައީސްވަހީދު ސަރުކާރުތެރޭގައި ވެސް އެކަން ދިރާސާ ކޮށްލަން ކެރޭވަރުގެ ހަކަތައެއް ނެތުނީއެވެ. ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަނުގެ ވެރިޔާގެ މޭޒުމަތީގައި އެމައްސަލަ އޮތްގޮތަށް އޮތީއެވެ. ދެތިން ފަހަރެއްގެ މަތީން ރައީސް ވަހީދުގެ އަރިހަށް އެމައްސަލައައިގެގެން އެސެކަޝަނުގެ ވެރިޔާ ދިނުމުން ރައީސް ވަހީދު އޭނާގާތުގައި ވިދާޅުވަނީ އަދި އިހަށް ބާއްވާލާށެވެ. މިއީ ރައީސް ވަހީދު ކަންކުރެއްވި ގޮތެވެ. އަޅުގަނޑަށް މިވާހަކަ ކިޔައިދިނީ ސީދާ އެސެކްޝަނާ އޭރު ހަވާލުވެގެންހުންނެވި ވެރިޔާގެ އަމިއްލަ ދުލުންނެވެ.
ފަހެ، ރައީސް ނަޝީދުގެ ސަރުކާރުގެ ކެބިނެޓުން ދެފަހަރަކު އެޕްރޮޖެކްޓަށް ތާއީދުކޮށް ވާހަކަ ދެއްކެވިއެވެ. އަދި ރައީސް އޮފީހުން ބަޔާންވެސް ތާއީދުކޮށް ނެރެދެއްވިއެވެ. އެހެނަސް ރައީސް ވަހީދުގެ ސަރުކާރުން އެފަދަ އެއްވެސް ކަމެއްނުކޮށް ރައީސް އޮފީހުގެ ޕޮލިސީ ސެކްޝަން ހިންގެވި ވެރީންގެ މޭޒުމަތީގައި އެމައްސަލަ އޮތްގޮތަށް ވަޅުޖައްސާފައި އޮވެ، އެނބުރެމުން ދިޔަތަން އަޅުގަނޑު ވަރަށް ކައިރިން ދުށީމެވެ. ކޮންމެ ދުހަކު ޚަބަރު ބަލަމުން ދިޔައިމެވެ. އެމުއްދަތުގައި ޕޮލިސީ ސެކްޝަނުގައި ތިއްބެވީ އަޅުގަނޑުގެ ދެއަތްކަހަލަ ގާތް ދެބޭފުޅުންނެވެ. އެކަކީ ސައޫދީ އެރެބިއާ ގައި ގިނަދުވަސް ތަކެއް އެކުގައި ކިޔަވަން އުޅުނު ޑޮކްޓަރ އިސްމާއީލް ޝަރީފެވެ. އަނެކަކީ އަބަދުވެސް އަޅުގަނޑާ އެކު މަގުމަތީން ފެންނަ އެކުވެރި ޓޯޕީ އެވެ. މިދެ މީހުންވެސް މިކަމުގައި އަޅައެއް ނުލެއްވުނެވެ. ރައީސް ވަހީދު އިހަށް ބާއްވާލުމަށް ވިދާޅުވަމުން ގެންދާތީއެވެ. ޓޯޕީ ގިނައިން މިކަމާ ކުރެއްވީ މަޖަލާއި މަލާމާތެވެ. ޑޮކްޓަރ އިސްމާއީލް ދޭތެރެ ދޭތެރެއިން ރައީސް އަރިހަށް ގެންދާކަމަށް ބަރާބަރަށް އަޅުގަނޑަށް ޚަބަރު ދެއްވައެވެ. އެހެނަސް ރައީސް ވަހީދު އަޅާނުލައް ވަނީއެވެ. ރައީސް އޮފީހުގެ ސިއްރު މީޓިންތަކުގައި އެހެން އަރިސް ބޭކަލުން ޑޮކްޓަރަށް ތާއީދެއް ދެއްވުމުގެ ބަދަލުގައި ބައެއް ދުވަސްދުވަހު މިވާހަކަ ދެކެވެމުންދާ ހިނދު މަލާމަތް ކުރައްވާ ކަމަށް ވެސް ވެއެވެ.
ފަހެ، މިއިން ކަމެއްކޮށް ނުދިންތާގައި އަޅުގަނޑުގެ ކޭހަށް އިތުރުރަށް ބާރުލިބޭގޮތަށް އަޅުގަނޑާ މެދު، އެސަރުކާރުން ފިޔަވަޅު އަޅާވެސް ހެދީއެވެ. މަތީ ފެންވަރުގައި އުޅުނު ދަގަނޑު އަންހެނާ އާޒިމާ އަކާއި ގޮތްނޭނގޭ މަތިހަށި ދެއްކެވި ޑޮކްޓަރު ޖަމީލެއް އެކަން ކުރުމުގައި ހަބޭސްކޮށް އުޅުނެވެ. މިއިންމީހަކު މިކަމުގެ ފަސޭހައާއި ހަގީގަތް ދެނެ ގަންނާކަށް ނޫޅުނެވެ. ޖީއެމްއާރު ގޯސްވި ހިސާބުން މި މަޝްރޫއު ވެސް ގޯސްކޮށްލީއެވެ. ފަހެ، އަމިއްލަ އެދުމުގެ ސިޔާސީ ބާރެއްގެ ބޭނުމުގެ ދަށުން، އިމިގްރޭޝަނުން އަޅުގަނޑުގެ ނުރުހުމުގައި ބޭރުކުރި ކުރުމަކީ، އޭގެއެންމެ ވަރުގަދަ ދަލީލެވެ. ކުލަގަދަ ހެއްކެވެ. އަނެއްކާ ރައިސް ވަހީދުގެ ސަރުކާރު ގައި ވެސް ސިޔާސީ ގޮތުން ކަތިލެވުނީ ސިދާ އަޅުގަނޑެވެ. އަބަދުވެސް ކަތިލެވޭ ކަންބަޅިއަށް މިވެދަނީ އަޅުގަނޑެވެ.
މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުގެ މައްޗަށް ކުރެވޭ ދޮގު ތުހުމަތުތައް ވަރުގަދަ ކުރުމަށް ސިޔާސީ ގޮތުން އިސްކޮށް ތިބި މީހުންގެ ނުފޫޒާއި ބާރުން އެސަރުކާރު ތެރެއިން ވެސް ހިންގުނު ނަހަމަ ކަމެއް ކަމެކެވެ. ހިންގި ޖަރީމާ އެކެވެ. ރައީސް އޮފީހުން ރިޕޯޓެއް ހައްދަވައި އެކަން ބެލިނަމަ މިގޮތަށް ބުނާނެ ޖާގައެއް ނޯތީހެވެ. ކަންމިހެންވީ ހިނދު ބަލަން މިޖެހެނީ، ހިނގަމުން މިދާ ހިމޭން ހަނގުރާމަ އަށް ވަހީދު ސަރުކާރުން ވެދެވުނު މަދަދެއް ކަމުގައެވެ. މިކަން ވެގެން މިދިޔައީ ނަޝީދުގު ސަރުކާރުންނާއި ވަހީދު ސަރުކާރުން ރައީސް ޔާމީނު ވެރިކަމަށް ގެނައުމަށް ކޮށްދިން ސިޔާސީއެހީތެރި ކަމަކަށެވެ. އަދި ސިޔާސީ ގޮތުން ވާގިދިނުމަކަށެވެ.
ފަހެ، އޭގެ އަނެއްކޮޅަށް އީޖާބީކޮށް ވިސްނަންޏާ އަޅުގަނޑު ދެކޭގޮތުގައި ރައީސްއޮފީހުން އެންމެ ސިޓީއެއް ބޭރުކޮށްލި ނަމަވެސް އެކަން ފިނިވެ މުޅި މައްސަލަ ހުލިވެ ނިވލގެން ދިޔައިހެވެ. ޓީމެއް ފޮނުއްވައި އަޅުގަނޑައި އިމިގްރޭޝަނާއި އަޅުގަނޑު ޖަވާބުދާރީކޮށް، ތަހްގީގީ ރިޕޯޓެއް ހެއްދެވި ނަމަ އެންމެކުޑަ މިނުން ހަގީގަތް ސާފުވީހެވެ. އަދި ބަދަލުގެ މަރްހަލާގައި ކާމިޔާބަކަށް ވެސް ވީހެވެ. އެހެނަސް ކޮންމެ ސަރުކާރަކުން ވެސް ސިޔާސީ އޮއިވަރަށް ހެއްލި އިމިގްރޭޝަނުން އަޅުގަނޑު އެއްވެސް ސަބަބެއް ނުދައްކައި ސުވާލު ކުރުމެއް ނެތި ބޭރުކޮށްލީ އެވެ. އެމީހުން ރޭވިގޮތަށް ކާމިޔާބާއި ސިޔާސީ ފައިދާ އޮބިނެތް މިންވަރަށް ލިބިގެން ދިޔައީ ރައީސް ޔާމީނަށެވެ. މިހާރު އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި މިގްރޫޕް އެކުގައި ނުކުތަސް ރައީސް ޔާމީނު ދެމިގަނެ ސަލާމަތް ވާނެއެވެ. އޭރު ބޮލަށާއި ސިކުނޑީގެ އެންމެ އަޑިއަށް ވަދެވުނު އިރު، މިހާރު މީރައީސުންތައް އެކުގައި ދިރުވާލާނެ ކަން ކަށަވަރެވެ. ބަލަން ތިބެމާ ހިންގަވާށެވެ! އެދުވަސް އަންނާނެއެވެ!
އަޅުގަނޑުގެ ވިސްނުމަކީ މުޅިން އާމީހުން އާހިކުމަތީ އަމަލީއެއްގެ ދަށުން ސިޔާސީ މަސްރަހަށް ނުކުތުމެވެ. އާޒިވާނުން ނެރުމެވެ! ސިޔާސީ މައިދާނުގައި އިތުރު ދިރާސާތައް ލިޔުންތެރީން ނާއި މުފައްކިރުން ހެދުމެވެ! ލިޔަމުން ގެންދިއުމެވެ!
ފަހެ، މިކަންކަމާހެދި ތިންހަފްތާ ވަންދެން އަޅުގަނޑު ބަދަލުކުރި މިނިސްޓްރީ އޮފް ޑިފެންސަށް ވަޒީފާއަށް ނުނިކުމެ، ޗުއްޓީގެ ބަހަނާގައި ކުއްލި އިހުތިޖާޖެއް ގައި ހުރީމެވެ. އަދި ރިޔާސީ ގަނޑުވަރު ހިލާލީގެއަށް ނުވަދެ، އެއިހުތިޖާޖުގެ ދަށުން، ހަމަ އެހާ ދުވަހު ހުރީމެވެ. އަދި އަޅުގަނޑުގެ މަތިމަހުން އިސްތަށި ނުކޮށާއި ނުބާލަން ދޫކޮށްލާފައި މިހުރީވެސް އެކަމުގެ ދިގު ދެމިގެންދާނެ އިހުތިޖާޖެއްގައި އަމިއްލަ ނަފްސުންކުރެވޭ އިހުތިޖާޖެއް ކޮށްލުމުގެ ބޭނުމުގައެވެ. އަދިވެސް އެކޭސް ނުނިމޭތީ އިހުތިޖާޖު ކުރިޔަށް ދެންމުމުގެ ގޮތުން އަޅުގަނޑުގެ މަތިމަސް ދަނީ ހެސް ކިޔާފަ ދިގުވަމުންނެވެ. ކޮށުމަށް ނުވަތަ ބޭލުމަށް ނިޔަތްގަނެފައި އޮތީ، މިދިގު ތުހުމަތުގެ އެލިގޭޝަންތައް ނިމި، ޚަލާސްވި ދުވަހަކުންނެވެ. މުޅިން މިނިވަންވީ ދުވަހަކުންނެވެ. ނުވަތަ ލޯބިލޯބި ދެދަރީންނާއި ލޯބިވާ އަންހެނުންނައި ބައްދަލުވެވޭނެ ދަވަހަކުން ހުއްޓާލުމަށެވެ! 2011 ވަނަ އަހަރުން ފެށިގެން އަޅުގަނޑުގެ އާއިލާ (ދެކުދިންނާއި އަންހެނުން) ވަނީ، ދިހެވި ރާއްޖެއިން ބޭރުގައި ރެފުޖީންގެ ގޮތުގައެވެ.
އާދެ! އެމްޑީޕީ ފިޔަވައި ޕީޕީއެމާ ގުޅެން ނިންމި ސަބަބު މިވަރުންނާއި މުޅިމި އިންޓަރވިއޫ އެކުގައި ވިދާޅުވެ ލެއްވުމުން ރީތިކޮށް ވިސްނި ވަޑައިގަން ނަވާނެއެވެ. އެކަން ސާފުވެގެން ދާނެއެވެ. އެމްޑީޕީ އަލަށް ރަޖިސްޓްރީ ކުރުމަށް ސަރުކާރަށް ހުށަހެޅިއިރު ތިއްބެވި ތިންމަސްއޫލު ވެރިންގެ ތެރެއިން އެކަކަށް ހުރީ އަޅުގަނޑެވެ.
އަދި އެއީ އަޅުގަނޑު މަސްއޫލު ވެރިއެއްގެ ގޮތުގައި އަމަލީގޮތުން ހިއްސާވެ، ބައިވެރިވެގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ފުރަތަމަ ސިޔާސީ ޕާޓީއެވެ. އަދި ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވުނު ވެސް އެންމެ ފުރަތަމަ ސިޔާސީޕާޓީ އެވެ. އެމްޑީޕީއަކީ، އަޅުގަނޑުގެ ފިކުރާއި ޖާނާއި މުދަލާއި ވިންދާއި ލެޔާއި ހިތާއި ސިކުނޑި އެވެ. ހަށިގަނޑުގެ ކާނާއެވެ. އަދިވެސް އެފިކުރު ދެކެ ލޯބިވެއެވެ. އަބަދުވެސް އެލޯބި އޮންނާނެއެވެ. ޖަލުގައި ލިބުނު ހުރިހާ އަނިޔާއެއް ލިބުނީ، އެފިކުރު ދެމަހައްޓާއި ދިވެހި މުޖްތަމައުގައި ބިނާ ކުރުމުގައި އުޅުމުންނެވެ.
އެއީފަހެ، ގައުމީ ލޯތްބެވެ! އެކަމެއް ދުވަހަކު ވެސް ހިތުން ނުފިލާނެއެވެ! އެމްޑީޕީ ވުޖޫދަށްގެނައި ތިނެތީން އެކައްޗަކީ، ސިދާ އަޅުގަނޑެވެ! އަޅުގަނޑުގެ ސޮއި ތާއަބަދަށް ދިވެހި ދައުލަތުގެ އަރްޝީފުގައި ދެމި އޮންނާނެއެވެ! އެއީ ދިވެހި ތާރީޚެވެ! ބާގީއަށް އަދި ވަގަށް އެކްޓިވިސްޓުންގެ މަދު ބަޔަކު ގޮވިޔަސް އެނަން ފޮހެއެއް ނުލެވޭނެއެވެ! އަލުން އެދުވަހުގެ ފިކުރަށް ޕާޓީ ރުޖޫއަވާ ދުވަހު، ދުނިޔޭގައި އަޅުގަނޑު ހުރިއްޔާ އެޕާޓީއާއެކު، އަމަލީ މައިދާނުގައި ސިޔާސީ ހަރަކާތުގައި އުޅޭތަން އަނެއްކާ ވެސް ދައްކަވާށިއެވެ! އިން ޝާއަ ﷲ! ސިޔާސީ ކަންކަމަކީ، ވަރަށް ވޭނާއި އަސަރުހުރި ކަންކަމެވެ!
ސ، އަށެއް: ނިންމާލަމުން ދަންނަވާނީ، ދިވެހިރާއްޖޭގައި އެންމެ އޮމާންކޮށް، އެންމެ ރަނގަޅުމަގުން ވެރިކަމުގެ ނިޒާމެއް ހިންގޭނީ ސިޔާސީޕާޓީ ތަކައި ނުލައި ހިންގޭ ވެރިކަމެއްގައި ތޯއެވެ. އަދި، ކައިރި މުސްތަގްބަލެއްގައި ޕާޓީސިސްޓަމް ސިޔާސަތައި ނުލާ، ވެރިކަމުގެ ފުރިހަމަ ނިޒާމެއް މިރާއްޖޭގައި ހިންގިދާނެ ކަމަށް، އިލްޔާސް ގަބޫލު ކުރައްވަމު ތޯއެވެ؟
ޖ، އަށެއް: މިހާތަނަށް ދުނިޔޭގައި ކާމިޔާބުކޮށް ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް އެރައްޔިތެއް ރުހޭގޮތަށް ހިންގައި ތަޖްރިބާ ކޮށްފައި ވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރިޔާސަތުގެ ތެރެއިން ދެނިޒާމެކެވެ. ފަހެ، އެއީ އިސްލާމީ ރިޔާސަތާއި ޑިމޮކްރަސީ ރިޔާސަތެވެ. މިދެ ސިޔާސަތުގެ ތެރެއިން ވެސް އަދުލުވެރިކޮށް ގާނޫނީ އަދި ޝަރުއީ ހަމަތަކުގެ ހުކޫމަތްތައްވަނީ ފެނިފައެވެ. ދުނިޔޭގައި ތަޖްރިބާކޮށް ދައްކާފައެވެ. ކާމިޔާބުކޮށް ހިންގާފައެވެ. އިސްލާމީ ޚިލާފަތުންނާއި ހުޅަގުގެ ރިޔާސީ ނިޒާމުގެ ތެރެއިންނެވެ. ދެން އިންސާނުން އަމިއްލައަތުން އަމިއްލައަކަށް މިހާތަނަށް ފަރުމާކުރި ވެރިކަމުގެ ގިނަ ނިޒާމުތައް ވަނީ، ފަސާދަވެ ފެއިލް ވެފައެވެ. ނަތީޖާއެއް ނުދެއްކި މަސްހުނި ވެފައެވެ. ރައްޔިތުން ކޮޅުފައިން ޖަހާއި ރިޖެކްޓު ކޮށްފައެވެ. އޭގެ ތެރޭގައި، ކޮމިއުނިޒަމް، ކެޕިޓަލިޒަމް، ގައްޒާފީ ގެންގުޅުއްވި ފެހިފޮތުގެ ތިއަރީ، އަދި އެޑޮލްފް ހިޓްލަރުގެ ގާނޫނީ ތިޔަރީ ފަދަ، ޕޮލިޓިކަލް ފިލޯސަފީތައް ވަނީ ބާތިލުވެ ފެއިލްވެފައެވެ.
ފަހެ، ދަންނާށެވެ! މައްސަލަތައް ދިމާވަނީ، ވަކިހަމައަކަށް ނުފެތި މަސްހުނިވެގެން ގޮސް ރައްޔިތުންގެ ހައްގުތައް ފަހަނައަޅާ ދާތީއެވެ. އަމިއްލަ އެދުންތަކުގައި މުއްސަނދި ވާތީއެވެ. ފަހެ، ދައުލަތް ތަކުގައި ރެފަރެންޑަމް ވޯޓުތައް ނަގައި ރިޔާސީ ނިޒާމަށްތޯ، ވެރިކަން ބައްޓަން ކުރާނީ ނުވަތަ ޕާލިމެންޓްރީ ނިޒާމަށްތޯ ވެރިކަމުގެ ނިޒާމް ހިންގާނީ ޗާލާކީކޮށް ބަލައެވެ. ސާފުނަތީޖާ ހޯދައެވެ. އެހެނަސް އެއިން އެއްވެސް ނިޒާމެއް ތަންފީޒުކޮށް ދެވޭވަރުގެ އަދުލްވެރި ހާކިމަކު، އަދި ރައީސަކު ނުފެނެއެވެ.
އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިކުޑަކުޑަ ޖަޒީރާތަކަށް ބެހިފައިވާ އާބާދީއެއްގެ ދިވެހިރާއްޖޭގައި ކާމިޔާބުކޮށް މިދެވައްތަރުގެ ނިޒާމުގެދަށުން ވެސް ގާނޫނީ ނުވަތަ ޝަރުއީ ހުކޫމަތެއް އޮމާންކޮށް ރައްޔިތުން ރުއްސައިގެން ހިންގިދާނެ އެވެ. އެވަރުގެ އިންސާފުވެރި އަދުލްވެރި، އަގީދާ ވަރުގަދަ ޝަޚްސިއްޔަތެއް އުފެދެންވީއެވެ. ފައުޅު ވާންވީއެވެ. އިމާމަކު ނުވަތަ ރައީސަކު ފެންނަންވީއެވެ. ވެރިކަމަށް އަރަންވީއެވެ.
ފަހެ، ދަންނާށެވެ! އެނޫން ހައްލެއް މިރާއްޖެއަކު އަދިއެއް ކައިރި މުސްތަގްބަލެއްގައި ފެންނާކަށް ނެތެވެ. ރައްޔިތުންގެ އާންމު ދިރިއުޅުން ހުންނަލެއް ދައްކަމުން ފައިސާގެ ބޭނުމުގައި އަމިއްލަ ޒަމީރު ދޫކޮށްލެވެނީ، އިންތިހާއަށް ލަދުވެތިކޮށެވެ. އެހެންމީހަކު ބުނާ ބުނުމަކަށް އެދޭ އެދުމަކަށް ތިމާއަށް ސިއްރުން ބޭނުންކުރުމަށް ލިބިފައިވާ ވޯޓުލުމުގެހައްގު ނަހަމަގޮތުގައި ދޫކޮށްލެވެނީ، ވިސްނުމެއްނެތި ވަގުތީފައިދާ އަކަށެވެ.
ފަހެ، ޕްރައިމެރީ ސްކޫލްތަކުގެ މަންހަޖުގައި އަގީދާގެބައި އަށަގަނުވައިގެން ނޫނީ މިފަދަ މުޖްތަމައެއްގައި އަލުން އިންސާފާއި ކުލުނާއިލޯބި އާލާކުރުމަކީ ވަރަށް ދުރުކަމެކެވެ. އަދި ކައިރި މުސްތަގުބަލެއްގައި މަލްޓިޕާޓީ ސިޔާސަތު ރާއްޖެއިން ނައްތާލެވޭނެ ކަމަކަށް ނުދެކެމެވެ. އަދި ޝަރުއީ ނިޒާމަކަށް ބަދަލުކޮށްލާނެ، ސަލާހުއްދީން އައްޔޫބީ އަކު ފަދަ ބޭފުޅަކު އަންނާނެހެނެއް، އަދި އަވަސްކޮށް ފެންނާނެކަމަކަށް ގަބޫލެއް ނުކުރަމެވެ.
އާދެ! ވެރިކަމުގެ ނިޒާމުތައް ހަރުދަނާ ކުރެވޭނީ، ވަރުގަދަ އަގީދާ އެއްގެ މުޖްތަމައުއެއް ބިނާ ކުރެވިގެންނެވެ. އެފަދަ ދުވަހެއް އަނބުރާ ގެނެވުމުންނެވެ. ލީކުއާންޔޫ ވެސް ސިންގަޕޫރު ބިނާކުރުމަށް އެންމެ އިސްކޮށް އެޅުއްވި ފިޔަވަޅުގެ ބިންގަލަކީ، ޒުވާނުންނަށް ތައުލީމް އުގަންނައިދީ އާންމު ކުރުމެވެ. ފަހެ، އޭރުން މިދެވައްތަރުގެ ހުކޫމަތު ވެސް ކާމިޔާބު ކުރެވިދާނެ އެވެ. ޝުކުރިއްޔާ!