އެއްފަސްކުރުން

އެއްފަސްކުރުން.

މިރިޕޯޓު ލިޔުނީ، 1 ޖެނުއަރީ 1999 ގައި، އަޅުގަނޑު އިލްޔާސް ހުސައިން އިބްރާހީމް، ޖަވާހިރުވާދީ މާލެ އެވެ. މި ރިޕޯޓަށް މައުލޫމާތު އެއްކުރެވިފައި ވަނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ނާއި ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓުންނާއި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅު އޮފީސް ތަކުންނާއި ރަށުއޮފީސް ތަކުންނެވެ. ފަހެ، މިއީ، އޮނަރަބްލް އަބްދުއްރަޝިދު ހުސައިން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުގައި މިނިސްޓަރެއްގެ ހައިސިއްޔަތުން ހުންނަވައި، އަޅުގަނޑަށް އަމުރުކުރެއްވި ހިނދު، އަޅުގަނޑު ކުރި ބުރަ މަސައްކަތެއްގެ ނަތީޖާއެވެ. މިތާނގައި އަޅުގަނޑު މިގެނެސްދެނީ، ފަހުތިބީންނަށް މި މަސައްކަތަކީ ހެޔޮދަރުމަ ހުރި ކަމަކަށް ވާނެތީއެވެ. އަދި ރާއްޖޭގައި އެއްފަސް ކުރުމުގެ ކަންކަން ހިނގަމުން އައިގޮތުގެ ފެށުން، ހިނގާދިޔަ ގޮތުގެ ތާރީޚީ ފައިދާތަކެއް ހޯދަން ބޭނުންވާ ބަޔަކަށް ފައިދާކުރާނެ އަގުހުރި މަސައްކަތަކަށް ވާތީއެވެ. އަޅުގަނޑުގެ އަމިއްލަ ސައިޓްގައި މިރިޕޯޓު މިގެނެސް ދެނީ ފަހެ، އެމަގްސަދުގަ އެވެ.

ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުން:

އެކިއެކި ސަބަބާހުރެ ރާއްޖޭގެ އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމަކީ، އަބަދުވެސް ހިނގަމުން އަންނަކަމެކެވެ. ދިވެހިރާއްޖޭގައި މިކަން ފެށިފައި ވަނީ، ކަނޑައެޅިގެން ކޮން ތާރީޚެއްގައި ކަމެއް އެއްވެސް މުއައްރިޚަކަށް އެނގޭކަށް ނެތެވެ. ރޯގާ ބަލިމަޑުކަން ކުރިމަތި ވުމުން، ސަލާމަތުން ތިބި މީހުންކޮޅެއް ކައިރީއޮތް އެހެން ރަށަކަށް ބަދަލުވެފައި އެބަހުއްޓެވެ. ތާރީޚީ ގޮތުން ފުރިހަމަ ސާބިތެއް ނެތަސް ތުންތުންމަތީން ކިޔަމުން އަންނަ ބައެއްކަހަލަ ހާދިސާއާ ގުޅިގެން ރަށް ދޫކޮށް އެހެން ރަށަކަށް މީހުން ބަދަލުވެފައި އެބަހުއްޓެވެ. މިފަދަ ކަންތަކުގެ ބަޔާންތައް ތާރީޚީ ލިޔުން ތަކުންނާއި މިޒަމާނުގެ ބައެއް އިލްމުވެރީންގެ ލިޔުއްވުން ތަކުން ފެންނަން އެބަހުއްޓެވެ. އެވާހަކަތަކުގެ ގިނަކަމާ އެކު، އަޅުގަނޑު މި ރިޕޯޓުގައި އަލި އަޅުވާލަނީ މީހުން ބަދަލު ވުމުގެ އޮއިވަރުގެ އެއްބަޔަށެވެ. އެއީ ސަރުކާރުން އަންގަވައިގެން، ނުވަތަ ސަރުކާރުން އެކަމަށް ބާރު އަޅުއްވައިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ މައްޗަށެވެ. ހަމައެކަނި މިހިނގާ ބައިގަރުނެއްހާ ދުވަހުގެ ތެރޭގައި އެކަންޏެވެ.

އާދޭހެވެ! 1956 ވަނަ އަހަރުގައި އިނގިރޭސީން ސ. ގަމުގައި ނޭވަލްބޭހެއް ހެދުމަށްޓަކައި ގަން ހުސްކޮށް ގަމުގައި ދިރިއުޅުނު މީހުން އެއަތޮޅުގެ އެހެން ރަށްރަށަށް ބަދަލުވުމުގެ ކަންތަކުގެ ހުލާސާ އަކުންނެވެ.

ފަހެ، ފަހަކަށް އައިސް އެއްރަށުން އަނެއްރަށަށް މީހުން ބަދަލުވުމުގެ އޮއިވަރު ވަނީ، މުޅިރާއްޖޭގައި ވެސް ހިނގާފައެވެ. އެހެންކަމުން ބަލާލަން ފަސޭހަވާނީ ކޮންމެވެސް ތަރުތީބަކުން ފެށިއްޔާކަމަށް ފެންނާތީ، އަޅުގަނޑު ތަރުތީބު ކޮށްފައި މިވަނީ، އުތުރުން ދެކުނަށް ރަށްރަށް ވަކިވަކީން ނެވެ.

ހއ. އަތޮޅު: (ފުރަތަމަ މަރްހަލާ)

ސަރުކާރުން މިމަސައްކަތް ރަސްމީ ސިފައެއްގައި ކުރިޔަށް ގެންދެވުމަށް ޓަކައި، 1968 ވަނަ އަހަރުގައި ފާސް ކުރެއްވި ގާނޫނެއްގައި ވަނީ މިހެންނެވެ.

ބިލް ނަންބަރު: 6/68

ތާރީޚު: 1968 – 02 – 10.

އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުން ނެތް ކޮންމެރަށެއް ފަޅުރަށެއް ކަމުގައި ހަމަޖެއްސެމުމުގެ ބިލް.

އެރަށެއްގެ ވަޒަންވެރީންގެ ތެރޭގައި ހުކުރު ވާޖިބުވާ، 50 މީހުންނެތް ކޮންމެ ރަށަކީ، ފަޅުރަށެއްކަމުގައި ހަމަޖެއްސުން:

މިބިލަށް އަމަލު ކުރާނީ، 1 މާޗު 1968 މިދުވަހުން ފެށިގެންނެވެ.

މިގާނޫނަށް އަމަލު ކުރެއްވުމުގެ ގޮތުން، ހއ. އަތޮޅުން އެހެން ރަށްރަށަށް މީހުން ބަދަލު ކުރެއްވުމަށް ހަމަޖެއްސެވީ ތިންރަށަކުންނެވެ. އެއީ އުލިގަމާއި ބެރިންމަދޫ އާއި ހަތިފުއްޓެވެ. މިތިންރަށުގެ މީހުން ބަދަލު ކުރެއްވުމަށް ސަރުކާރުން ހަމަޖެއްސެވީ އެއަތޮޅު ދިއްދުވަށެވެ. މި ހަމަޖެއްސެވި ހަމަޖެއްސެވުމުގެ މަތީން، އުލިގަމުގެ އެންމެންނާއި ބެރިންމަދޫގެ އެންމެންނާއި ހަތިފުށީގެ ތިންގެއެއްގެ މީހުން ދިއްދުވަށް ބަދަލު ކުރެއްވިއެވެ. މިމީސްމީހުން ދިއްދުވަށް ބަދަލު ކުރެއްވިކަމަށް ބެލިފައި ވަނީ، 1 އޯގަސްޓް 1968 ގައެވެ.

އުލިގަމު މީހުން ދިއްދުވަށް ބަދަލުކުރެއްވި އިރު އުލިގަމުގައި ތިބީ ޖުމްލަ، 160 މީހުންނެވެ. އެއީ، 89 ފިރިހެނުންނާއި، 71 އަންހެނުން ނެވެ. ބެރިންމަދޫން ދިއްދުވަށް މީހުން ބަދަލު ކުރެވުނު އިރު ބެރިންމަދޫގެ އާބާދީއަކީ، 91 މީހުންނެވެ. އެއީ، 52 ފިރިހެނުންނާއި، 39 އަންހެނުން ނެވެ. ހަތިފުށީގެ އޭރުގެ އާބާދީއަކީ، 138 މީހުންނެވެ. އެއީ، 74 ކުދިބޮޑު ފިރިހެނުންނާއި، 64 ކުދިބޮޑު އަންހެނުން ނެވެ.

1، ބެރިންމަދޫ:

1968 ވަނަ އަހަރުގައި ފާސްކުރި ގާނޫނުގެ ދަށުން ބެރިންމަދޫގައި އޭރު ދިރިއުޅުނު އެންމެން އެއަތޮޅު ދިއްދުވަށް ބަދަލު ކުރެއްވިއެވެ. ބެރިންމަދޫން މީހުން ބަދަލު ކުރެވުނު އިރު ބެރިންމަދޫގެ އާބާދީއަކީ، 91 މީހުންނެވެ. އެއީ، 52 ފިރިހެނުންނާއި، 39 އަންހެނުންނެވެ. ބެރިންމަދޫ މީހުން ދިއްދުވަށް ބަދަލުކޮށް ނިމުނު ތާރީޚެއް ކަމަށް ބެލިފައި ވަނީ، 1 އޯގަސްޓް 1968 އެވެ.

އޭގެފަހުން ގާނޫނު ނަންބަރު: 2/75 (12 މާޗް 1975) ގެ ދަށުން. މިދެންނެވި ގާނޫނު އުވާލެއްވުމާ ގުޅިގެން ބެރިންމަދޫން ދިއްދުވަށް ބަދަލުވި މީހުން އަލުން ބެރިންމަދޫއަށް ބަދަލުވުމުގެ ހުއްދަ ސަރުކާރުން ދެއްވިއެވެ. މިދެއްވި ހުއްދައިގެ ދަށުން ބެރިންމަދޫ މީހުން އަލުން ބެރިންމަދޫ އަށް ބަދަލުވީ އެވެ. އެތާރީޚެއް ކަމަށް ބެލިފައި ވަނީ، 9 ޖުލައި 1975 އެވެ.

2، އުލިގަމް:

އުލިގަމު މީހުން ބަދަލު ކުރެއްވީ، 1 އޯގަސްޓް 1968 ވަނަ އަހަރުގައި ދިއްދުވަށެވެ. ބަދަލު ކުރެއްވި އިރު އުލިގަމުގައި ތިބި މީހުންގެ ޖުމްލައަކީ، 160 މީހުންނެވެ. އެއީ، 89 ފިރިހެނުންނާއި، 71 އަންހެނުންނެވެ.

އުލިގަމު މީހުން ދެވަނަ ފަހަރަށް އުލިގަމަށް ބަދަލުވީ، 4 އޭޕްރީލް 1975 ގައެވެ.

3، ހަތިފުށި:

ހަތިފުށީގެ ތިންގޭގެ މީހުން ބަދަލު ކުރެއްވި ތާރީޚަކީ، 1 އޯގަސްޓް 1968 އެވެ. އޭރު ހަތިފުށީގައި ތިބި މީހުންގެ ޖުމްލައަކީ، 138 މީހުންނެވެ. އެއީ، 74 ފިރިހެނުންނާއި، 64 އަންހެނުންނެވެ. ހަތިފުށީގެ ތިންގޭގެ މީހުން ދެވަނަ ފަހަރަށް އެބައެއްގެ ރަށަށް ބަދަލު ވުމުގެ ހުއްދަ ސަރުކާރުން ދެއްވުމުގެ ކުރިން ހަތިފުއްޓަށް ދަތުރުވަރެއްގައި ދާގޮތަށް ގޮސް، އެނބުރި ދިއްދުވަކަށް ނާދެއެވެ. އެހެންވުމުން ހަތިފުށީ، 3 ގޭނެ މީހުން ރަށަށް ބަދަލުވީ ތާރީޚެއް އެނގޭކަށް ނެތެވެ.

ހދ. އަތޮޅު:

1، ހޮނޑައިދޫ:

ހޮނޑައިދޫ މީހުން ހަނިމާދުވަށް ބަދަލުކުރީ، 13 އޯގަސްޓް 1968 ވަނަ ދުވަހުގެ ހަވީރު، 3:00 ގައެވެ. އޭރު ހޮނޑައިދޫގެ އާބާދީއަކީ، 96 މީހުންނެވެ. ހޮނޑައިދޫ މީހުން އެނބުރި ހޮނޑައިދުވަށް ބަދަލުވީ، 17 މާޗް 1975 ގައެވެ.

2، ފަރިދޫ:

ފަރިދޫ މީހުން ހަނިމާދުވަށް ބަދަލުކުރީ، 7 ޖޫން 1969 ގައެވެ. ފަރިދޫ މީހުން ހަނިމާދުވަށް ދިޔައިރު އާބާދީއަކީ، 127 މީހުންނެވެ. ފަރިދޫ މީހުން އެނބުރި ފަރިދުވަށް ބަދަލުވީ، 17 މާޗް 1975 ގައެވެ.

ށ. އަތޮޅު:

ށ. އަތޮޅު ބޮމަސްދޫ މީހުން ށ. އަތޮޅު ފަރުކޮޅު ފުނަދުވަށް ބަދަލުވެ ހަމަޖެހުނީ، 8 މާޗް 1971 ގައެވެ. ބޮމަސްދޫގެ އޭރު އާބާދީއަކީ، 177 މީހުންނެވެ. ބޮމަސްދޫގައި އެއިރުގައި ހުރި ގޭގޭގެ އަދަދަކީ، 35 ގެއެވެ. ބޮމަސްދޫ މީހުން ފަރުކޮޅު ފުނަދޫގައި ތިބެފައި ބޮމަސްދުވަށް ވެސް އަދި އެހެންރަށަކަށް ވެސް އެނބުރި ނުދެއެވެ. ތިބިގޮތަށް ވަޒަންވެރި ވީއެވެ.

ފަރުކޮޅު ފުނަދޫގައި ދިދަޖަހާއި އާބާދުކުރަން ފެށުނީ، 1 ޖެނުއަރީ 1968 ގައެވެ. މިހާރު ފަރުކޮޅުފުނަދޫ އަކީ، ށ. އަތޮޅު ވެރިކަންކުރާ ރަށެވެ. 1996 ގެ ނިޔަލަށް ފަރުކޮޅުފުނަދޫގެ އާބާދީއަކީ، 532 މީހުންނެވެ.

ނ. އަތޮޅު:

ނ. ތޮޅެއްދޫ މީހުން ވެލިދުވަށް ބަދަލުކުރަން ފެށުނީ، 11 ޖުލައި 1968 ގައެވެ. ތޮޅެންދޫ މީހުން ވެލިދުވަށް ބަދަލު ކުރެއްވި އިރު ތޮޅެންދޫގައި މީހުންތިބި އަދަދަކީ، 109 އެވެ. ވެލިދޫން ތޮޅެންދުވަށް އަނބުރާ ދިޔައީ ވެލިދޫގައި ތިބުމަށް ހިތްހަމަ ނުޖެހިގެން އެދުވަސްވަރު ކާޑުގެ ގޮތުންނާއި، އެނޫންވެސް ގޮތްގޮތުން ކުރިމަތިވި ދަތިތައް އިހްސާސް ކުރަން ޖެހުމާއި އަމިއްލަ ދިރިއުޅުމަށް ބޭނުންވާ ތަކެތީގެ ތެރެއިން ކާށި، ދަރު، ދަނޑި ފަދަ ތަކެތި ލިބޭނެގޮތެއް ހަމަޖެހިފައި ނެތުމުންނެވެ.

ސަރުކާރުން ދެވަނަ ފަހަރަށް ތޮޅެންދުވަށް ބަދަލުވުމުގެ ހުއްދަ ދެއްވުމާ ގުޅިގެން ސަރުކާރުގެ އެއްވެސް އެހީފުޅެއްނެތި ތޮޅެންދުވަށް ބަދަލުވާން ފެށި ފުރަތަމަ ތާރީޚަކީ، 11 ޖޫން 1975 އެވެ.

ރ. އަތޮޅު:

ރ. އަތޮޅު އުފުލަންދޫ މީހުން ރ. އަލިފުއްޓަށް ބަދަލުކުރީ، 17 އޮކްޓޯބަރ 1968 ގައެވެ. އެއިރު އުފުލަންދޫ މީހުންގެ އަދަދަކީ، 90 އެވެ. ދެ އާއިލާއެއް ފިޔަވައި އެމީހުން މަޑުއްވަރީއަށް ގޮސް ނިމުނީ، 1970 ވަނަ އަހަރު ތެރޭގައެވެ. މި ދެ އާއިލާ، 1970 ވަނަ އަހަރުގެ ތެރޭގައި އެއްއާއިލާ އެއް އަލިފުއްޓަށް އަނެއް އާއިލާ ކިނޮޅަހަށް ދިޔައީއެވެ.

ބ. އަތޮޅު:

1، ކިހާދޫ:

ކިހާދޫ މީހުން ބަދަލު ކުރެއްވީ ހިތާދުވަށެވެ. ކިހާދޫ ފުރަތަމަ، 12 ގޭގެ މީހުން ބަދަލުކުރީ، 14 ޖޫން 1969 ގައެވެ. 13 ގެ ބަދަލުކުރީ، 22 މާޗް 1970 ގައެވެ. މި މީހުން އެނބުރި ކިހާދުވަށް ދިޔައީ، 5 އޯގަސްޓް 1978 ގައެވެ. ކިހާދޫ މީހުން ހިތާދުވަށް ދިޔައިރު ޖުމްލައަކީ، 97 މީހުންނެވެ. ހިތާދޫން ކިހާދުވަށް ބަދަލުކުރި އިރު، މީހުންގެ ޖުމްލައަކީ، 127 އެވެ.

2، ފުނަދޫ (ފަސްދޭތެރެ ފުނަދޫ):

ފުނަދޫ މީހުން ބަދަލުކުރީ އޭދަފުއްޓަށެވެ. 8 ގޭގެ މީހުން ބަދަލުކުރީ، 17 އޯގަސްޓް 1968 ގައެވެ. 15 ގެ، 18 އޯގަސްޓް 1968 ގައެވެ.

3، އުނޑޫދޫ:

އުނޑޫދޫ މީހުން ބަދަލުކުރީ އޭދަފުއްޓަށެވެ. 17 ގެ ބަދަލުކުރީ، 21 ސެޕްޓެމްބަރ 1968 ގައެވެ. 5 ގެ ބަދަލުކުރީ، 25 ސެޕްޓެމްބަރ 1968 ގައެވެ.

4، މާއްޑޫ:

މާއްޑޫ މީހުން ބަދަލުކުރީ އޭދަފުއްޓަށެވެ. 8 ގޭގެ މީހުން، 7 ނޮވެމްބަރ 1968 ގައެވެ. 24 ގެ، 17 ޑިސެމްބަރ 1968 ގައެވެ.

ފަހެ، މި ތިންރަށުން އޭދަފުއްޓަށް ބަދަލުވި މީހުން އެމީހުން އައި ރަށްތަކަށް ވެސް ދެވަނަ ފަހަރަށް ބަދަލުނުވެ، އޭދަފުށީގައި ގައިމުވެ ތިބީއެވެ. ބ. އަތޮޅު އޭދަފުއްޓަކީ، މިހާރު އެއަތޮޅު ވެރިކަން ކުރާ ރަށެވެ. 1996 ގެ ނިޔަލަށް އެ ރަށުގެ އާބާދީއަކީ، 2570 މީހުންނެވެ.

އ. އަތޮޅު:

އ. އަތޮޅު ކުރަމަތި މީހުން ރަސްދުވަށް ބަދަލުކުރީ، 30 ޑިސެމްބަރ 1971 ގައެވެ. ފުރަތަމަ، 10 ގެ ބަދަލުކުރީ، 24 އޮކްޓޯބަރ 1969 ގައެވެ. ދެވަނަ، 10 ގެ ބަދަލުކުރީ، 30 ޑިސެމްބަރ 1971 ގައެވެ. އެއިރުގެ އާބާދީ އެނގޭކަށް ނެތެވެ. އަދި ކުނބުރުދޫން ރަސްދުވަށް، 139 މީހުން، 7 ސެޕްޓެމްބަރ 1968 ގައި ބަދަލުވިއެވެ.

ވ. އަތޮޅޫ:

ވ. އަތޮޅު ފެލިދޫ މީހުން ވ. އަތޮޅު ފުލިދުވަށް، 12 އޭޕްރީލް 1970 ގައި ބަދަލު ކުރިއެވެ. ބަދަލުކުރި މީހުންގެ ޖުމްލައަކީ، 8 ގެއިން، 46 މީހުންނެވެ. ބަދަލުކުރި އިރު އެރަށުގެ ޖުމްލަ އާބާދީއަކީ، 110 މީހުންނެވެ. ބަދަލުކުރި ފަހުން އެނބުރި ރަށަށް ދިޔައީ، 12 މޭ 1973 ގައެވެ.

މ. އަތޮޅޫ:

މ. ރަތްމަންދޫ މީހުން މުއްޔަށް ބަދަލު ކުރެއްވީ، 26 ޖެނުއަރީ 1969 ގައެވެ. އެއިރު ރަތްމަންދޫގެ އާބާދީއަކީ، 71 މީހުންނެވެ. އެއިރު ރަތްމަންދޫގައި ހުރީ ފަނުގެ، 1 ގެ އާއި ރޭނި، 6 ގެ އެވެ.  ދެވަނަ ފަހަރަށް މުލިން ރަތްމަންދުވަށް ބަދަލު ކުރެއްވި އިރު އިމާރާތުގެ އަދަދަކީ، 16 ގެ އެވެ. މުލިން ރަތްމަންދުވަށް ބަދަލުވި އިރު ބަދަލުނުވެ މުލީގައި ހުރީ އެންމެ މީހެކެވެ. އެއީ، އަހްމަދު ހުސައިން މޫނިމާގެ ރަތްމަންދޫ އެވެ.

ފ. އަތޮޅު:

ފ. އަތޮޅުގައި މީހުން ބަދަލު ކޮށްފައިވާ ރަށަކީ ހަމަ އެކަނި ދަރަބޫދޫ އެވެ. ދަރަބޫދޫގެ މީހުން ބަދަލު ކޮށްފައި ވަނީ މަގޫދޫ އަށެވެ. ދަރަބޫދޫ މީހުން މަގޫދޫ އަށް ބަދަލުކުރަން ފަށާފައި ވަނީ، 1969 އޯގަސްޓް މަހުގެ ތެރޭގައެވެ. ފުރަތަމަ ބަދަލުކުރީ، 8 ގޭގެ، 59 މީހުންނެވެ. މީހުން ބަދަލުކުރަން ފެށިއިރު ދަރަބޫދޫގައި ތިބި މީހުންގެ ޖުމްލައަކީ، 148 މީހުންނެވެ. ނަމަވެސް މި މީހުން އެއްކޮށް ބަދަލުކޮށް ނިމިފައެއް ނުވެއެވެ. މި މީހުން އެނބުރި ދަރަބޫދޫއަށް ބަދަލުވާން ފެށީ، 1975 އެޕްރީލް މަހުގެ ތެރޭގައެވެ. މަގޫދޫން ދަރަބޫދޫ އަށް މީހުން ބަދަލުވާން ފެށިއިރު ދަރަބޫދޫގައި ތިބީ، 50 މީހުންނެވެ.

ދ. އަތޮޅު:

ދ. ވާނީ މީހުން ބަދަލުކުރީ، ދ. ކުޑަހުވަދޫ އަށެވެ. އެންމެ ފުރަތަމަ ބަދަލުކުރި މީހުން ބަދަލުވެފައި ވަނީ، 9 ފެބްރުއަރީ 1969 ގައެވެ. އެ ދުވަސްވަރު އެރަށުގައި ތިބިކަމަށް ދައްކަނީ، 177 މީހުންނެވެ. ބަދަލުކުރި މީހުން އެމީހުންގެ ރަށަށް ދިއުމުގެ ހުއްދަ ލިބުމާ ގުޅިގެން ރަށަށް ދިޔައީ، 22 އޭޕްރީލް 1975 ގައެވެ.

ލ. އަތޮޅު:

ލ. ކަޅައިދޫ މީހުން އެއަތޮޅު މާމެންދުވަށް، 26 މާޗް 1969 ގައި ބަދަލު ކުރެއްވިއެވެ. ބަދަލު ކުރެއްވި އިރު ރަށުގައި މީހުންތިބި ސައްހަ އަދަދު ލިޔުންތަކުން ފެންނާކަށް ނެތެވެ. ލަފާކުރާ އަދަދަކީ، 195 މީހުން ކަމަށެވެ. އެނބުރި އެމީހުންގެ ރަށަށް ބަދަލުވި ތާރީޚަކީ، 27 ޖޫން 1975 އެވެ.

ގއ. އަތޮޅޫ:

ގއ. ކޮނޑޭ މީހުން، 1970 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ކޮނޑޭން އެހެން ރަށަކަށް ބަދަލުވެފައި ވެއެވެ. ކޮނޑޭން މީހުން ފޭބިއިރު އެރަށުގައި ތިބީ ކަތަށް މީހުންކަމެއް ސާފުކުރެވޭ ލިޔުމެއް، އަދި ފެނިފައެއް ނެތެވެ. ކޮނޑޭން ފޭބި މީހުން އެނބުރި ކޮނޑޭއަށް ދިޔައީ، 13 އޭޕްރީލް 1975 ގައެވެ. ކޮނޑޭއަށް އެނބުރި ދިޔައިރު ތިބީ، 124 މީހުންނެވެ.

ސ. އަތޮޅު:

ސ. ފޭދޫ މީހުން މަރަދޫގެ އެއްކޮޅަށް، 19 ނޮވެމްބަރ 1957 ގައި ބަދަލު ކުރައްވާފައި ވެއެވެ. އޭރު ފޭދޫގައި އުޅެނީ، 352 މީހުންނެވެ.

ސ. އަމުގެ މީނުން ފޭދޫއަށް ބަދަލު ކުރީވެސް، 19 ނޮވެމްބަރ 1957 ގައެވެ. އޭރު އެރަށުގައި ތިބީ، 752 މީހުންނެވެ.

ފަހެ، މި އަތޮޅުގެ ހުޅުދޫ އާއި މީދޫ އައި ދެރަށް (އެއްފަސް ގަނޑެއްގައި ދެބައި މީހުން އުޅޭތީ) 1969 މާޗް މަހުގެ ތެރޭގައި އެދެރަށް އެއް ކުރައްވާފައި ވެއެވެ. އަދި ހަމަ އެތާރީޚުގައި މި އަތޮޅު މަރަދޫ އާއި މަރަދޫފޭދޫ އެއް ކުރައްވާފައި ވެއެވެ.

އަދި، 1975 ޖޫން މަހުގެ ތެރޭގައި ހުޅުދޫއާއި މީދޫ ވަކި ކުރައްވާފައި ވެއެވެ. މަރަދޫއާއި މަރަދޫފޭދޫ ވެސް، 1975 އޭޕްރީލް މަހުގެ ތެރޭގައި ވަކި ކުރައްވާފައި ވެއެވެ. މިރަށްތައް އެއް ކުރެއްވި އިރު، މަރަދޫފޭދޫގައި ތިބީ، 591 މީހުންނެވެ. މަރަދޫގައި ތިބީ، 1170 މީހުންނެވެ. ހުޅުދޫގައި ތިބީ، 1470 މީހުންނެވެ. މީދޫގައި ތިބީ، 998 މީހުންނެވެ. މިރަށްތައް ވަކި ކުރެއްވި އިރު، ހުޅުދޫގައި ތިބީ، 880 މީހުންނެވެ. މީދޫގައި ތިބީ، 1263 މީހުންނެވެ. މަރަދޫގައި ތިބީ، 506 މީހުންނެވެ. މަރަދޫފޭދޫގައި ތިބީ، 772 މީހުންނެވެ.

ކ. އަތޮޅު:

ކ. އަތޮޅު އޮފީހުގައި ފެންނަންހުރި ލިޔުންތަކުން އެނގޭ ގޮތުގައި މާލެ އަތޮޅު ގިރާވަރުގެ މީހުން ހުޅުލެއަށް ބަދަލުކުރި ތާރީޚަކީ، 29 މާޗް 1968 އެވެ. މިކަން ވެސް ހިނގާފައި ވަނީ، 1968 ގައި ފާސް ކުރެއްވި ގާނޫނުގެ ދަށުން ކަމަށް ލަފާކުރެވެއެވެ. ހުޅުލެއަށް ގިރާވަރުން މީހުން ބަދަލުކުރި އިރު، ގިރާވަރުގައި ތިބި މީހުންގެ ޖުމްލަ އެނގޭފަދަ ލިޔުމެއް ނުފެނުނެވެ. މީގެފަހުގެ ތާރީޚެއްގައި ހުޅުލޭގައި ތިބި ގިރާވަރު މީހުން ވަނީ، މާލެއަށް ބަދަލުކޮށް ނިންމާފައެވެ.

ފަހެ، މިދެންނެވުނީ، އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތް ފުރަތަމަ ފެށުނުގޮތާއި އެކަމަށް ހޮވުނު ރަށްތަކެވެ. ފުރަތަމަ ފަށައިގަތް ދުވަސްވަރު މިކުރެވުނު މަސައްކަތުން ބަދަލުކުރި ރަށްތަކުގެ ތެރެއިން މީހުން އެނބުރި ނުގޮސް ހަރުލީ މަދު ރަށެއްގައެވެ. 1968 ވަނަ އަހަރުގައި ފާސްކުރެއްވި ގާނޫނު އުވާލެއް ވުމާ ގުޅިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލު ކުރުމުގެ މަސައްކަތަށް ހީނަރުކަމެއް އައިސްފައި އޮތުމަށް ފަހު، އަނެއްކާވެސް، 1990 ވަނަ އަހަރުން ފެށިގެން ހިނގައި ގަތެވެ. މިއީ އޮނަރަބްލް އިލްޔާސް އިބްރާހީމް އިސް ނަންގަވައިގެން ރައީސް މައުމޫގެ ބެއްލެވުމުގެ ދަށުން އެއްފަސް ކުރެއްވުމަށް ފަށައިގަތުމެވެ.

ފަހެ، މިގޮތުގެ މަތީން ކުރެވުނު މަސައްކަތްތައް އަތޮޅާއި ރަށްތައް ވަކިން އެނގޭގޮތަށް އުތުރުން ފެށިގެން ދެކުނަށް ގެނެސްދޭ ނަމެވެ.

ހއ. އަތޮޅު: (ދެވަނަ މަރްހަލާ)

1، ބެރިންމަދޫ:

ފަހެ، 1992 އޮކްޓޯބަރ 14 އިން ފެށިގެން 18 އަށް، ތިލަދުންމަތީ އުތުރުބުރިޔަށް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް ކުރެއްވި ދަތުރުފުޅެއް ގައި އެ އަތޮޅު ބެރިންމަދޫ ރައްޔިތުންނައި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ކޮށްލެއްވި އިޝާރާތާ ގުޅިގެން، ބެރިންމަދޫ ރައްޔިތުން އެއަތޮޅު އުލިގަމަށް ބަދަލުވާން އެދޭކަމަށް އެރަށުގެ ރަށްކުރިއަރުވާ ކޮމެޓީން ނިންމައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓަރޭޝަނަށް ވަނީ ހުށަހަޅާފައެވެ.

25 އޮކްޓޯބަރ 1992 ދުވަހު، ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިޔާގެ ބަދަލު މުހަންމަދު މޫސާ ބެރިންމަދޫ އަށް ވަޑައިގަނެ އެރަށުގައި ތިބި ސަރުކާރުގެ މުވައްޒަފުންނާއި ރަށްކުރިއަރުވާ ކޮމެޓީއާ ބައްދަލު ކުރައްވައި ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވާން ބޭނުންތޯ ސާފު ކުރެއްވުމުން، ރަށްކުރިއަރުވާ ކޮމެޓީގެ އިއްތިފާގުން ފާސްވެފައި ވަނީ، ބެރިންމަދޫ އަކީ، ދިރިއުޅުން ދަތި ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ހައްގުތައް ފުރިހަމަ ކުރެވެން ނެތް ރަށަކަށް ވުމާއެކު، އެފަދަ ހައްގުތައް ފުރިހަމަކޮށް ދެވެން ހުރި ރަށަކަށް ބެރިންމަދޫ މީހުން ބަދަލުވުމަކީ އެމީހުންނަށް ބޭނުންތެރި ވެފައިވާ، އަދި އެމީހުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށެވެ.

ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވުމަށް ރަށްކުރިއަރުވާ ކޮމެޓީން ފާސްވުމާ ގުޅިގެން ހަމަ އެދުވަހު، ބެރިންމަދޫ ރައްޔިތުންނައި ބައްދަލުކޮށް، އެކަމާ މެދު، ރައްޔިތުންގެ ޚިޔާލު ހޯދުނެވެ. ބެރިންމަދޫގެ ރަށްވެހިންގެ ގޮތުގައި އޭރު ރަޖިސްޓްރީ ކުރެވިފައި ވަނީ، 158 މީހުންނެވެ. މީގެތެރެއިން، 16 އަހަރުން މަތީގެ ތިބީ، 85 މީހުންނެވެ. މިދުވަހު ރަށުގައި ތިބީ، 16 އަހަރުން މަތީގެ، 55 މީހުންނެވެ. 30 މީހުންވަނީ ރަށުންބޭރުގަ އެވެ. އާންމުޚިޔާލު ހޯދުމަށް ބައްދަލުކުރި މީހުންގެ ތެރެއިން، 39 މީހުންނަކީ، ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވާން އެދި ސޮއިކޮށްފައިވާ މީހުންނެވެ. ބެރިންމަދޫގައި އޭރު މީހުން ދިރިއުޅެނީ، 22 ގޭގައެވެ. އޭގެ ތެރެއިން، 18 ގޭގައި ދިރިއުޅޭ ފަރާތްތަކުން އެހެން ރަށަކަށް ބަދަލުވާން އެދި ސޮއިކޮށްފައި ވެއެވެ.

ބެރިންމަދޫން އެހެން ރަށަކަށް ބަދަލުވުމުގައި ބެރިންމަދޫގެ ގިނަ އަދަދެއްގެ ބަޔަކު ހިތްހަމަ ޖެހެނީ ކެލާ އާއި މޮޅަދޫ އެވެ. ފިއްލަދޫ އާއި ހދ. ހަނިމާދުވަށް ބަދަލު ވުމުގައި ވެސް މާބޮޑު އިންކާރެއް ނުކުރެއެވެ.

ބެރިންމަދޫ މީހުން ބަދަލު ކުރާނެ ވަކިރަށެއް އޭރު ހަމަޖައްސާފައި ނެތެވެ. އޮތީ މިރަށުގެ މީހުން އެދޭ ރަށަކަށް ބަދަލު ކުރާގޮތަށެވެ. މިކަމާ ގުޅިގެން ބެރިންމަދޫގެ ގޯތި ގެދޮރު ވަނީ، އިދާރީގޮތުން އަގުމަގުކޮށް ނިމިފައެވެ. އެހެނަސް މީސްމީހުންގެ އަމިއްލަ ރުއްގަސް އަގު ކުރެވިފައެއް ނެތެވެ. ގެދޮރު އަގުމަގުކޮށް ނިމުމާއެކު ބެރިންމަދޫގައި އިތުރު އިމާރާތް ނުހެދުމަށާއި އިތުރު މަރާމާތު ނުކުރުމަށް އެރަށުގެ ރައްޔިތުންނަށް އެންގުނެވެ.

1993 ވަނަ އަހަރު މެދެއްހައި ތާނގައި އެރަށުގެ ބައެއް ރައްޔިތުންގެ ޝަކުވާ ސަރުކާރަށް ހުށަހެޅެން ފެށިއެވެ. އެއީ އެމީހުންގެ ގެދޮރު އަގުކުރެވި އެހެން ނަމަވެސް ރަށުން މީހުން ބަދަލު ކުރެއްވުމުގެ އެއްވެސް ކަމެއް ނުހިނގާތީ އެވެ. އަދި މަރާމާތު ނުކުރެވި އެމީހުންގެ ގެދޮރު ވީރާނާ ވަމުންދާތީ އާއި ގެދޮރު ހެދުމަށް އެމީހުން ހޯދާފައިވާ ބައެއްތަކެތި ހަލާކު ވަމުން ދާތީއެވެ.

ފަހެ، އޭގެފަހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވަނީ، ގޯތި ހެދުމަށާއި މަރާމާތުކުރުމަށް ބެރިންމަދޫގެ ރައްޔިތުންނަށް ހުއްދަ ދެއްވާފަ އެވެ. އެހެނަސް އަމަލީގޮތުން މިރަށުގެ ރައްޔިތުން އެހެން ރަށަކަށް  ބަދަލު ކުރުމުގެ މަސައްކަތް މިހާތަނަށް ހިންގިފައެއް ނުވެއެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް ބެރިންމަދޫގެ އާބާދީއަކީ، 177 މީހުންނެވެ.

2، ހަތިފުށި:

1992 އޮކްޓޯބަރ، 14 އިން، 18 އަށް ތިލަދުންމަތީ އުތުރު ބުރިޔަށް، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު ހަތިފުށީގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ކޮށްލެއްވި އިޝާރާތާ ގުޅިގެން ހަތިފުށީގެ ރައްޔިތުން ތިލަދުންމަތީ ދެކުނުބުރީ ހަނިމާދުވަށް ބަދަލުވާން އެދޭކަމަށް އެރަށުގެ ރަށްކުރިއަރުވާ ކޮމެޓީން ނިންމައި މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ވަނީ ހުށަހަޅާފައެވެ.

26 އޮކްޓޯބަރ 1992 ދުވަހު އެއަތޮޅު އަތޮޅުވެރިޔާގެ ބަދަލު މުހަންމަދު މޫސާ ހަތިފުއްޓަށް ވަޑައިގެން ހަތިފުށީ މީހުން އެހެން ރަށަކަށް ބަދަލު ވުމުގައި އާންމުޚިޔާލު ހުރިނެއްގޮތް ބެއްލެވިއެވެ. މިގޮތުން ރަށުގައި ތިބި، 16 އަހަރުން މަތީގެ މީހުންނާ ވަކިވަކިން ބައްދަލުކޮށް އެމީހުންގެ ޚިޔާލު ހުރިނެއްގޮތް ހޯއްދަވާފައި ވެއެވެ. ހަތިފުށިން އާންމު ޚިޔާލު ހޯދުމަށް ބައްދަލުކުރި، މީހުންގެ ތެރެއިން، 33 މީހުންނަކީ ސަރުކާރުގެ އެހީއާ އެކު ހަތިފުށިން އެހެން ރަށަކަށް ބަދަލުވާން އެދޭ މީހުންނެވެ. ހަތިފުށީގައި ރަޖިސްޓްރީ ކުރެވިފައި އޭރު ތިބީ އުމުރުން، 16 އަހަރުން މަތީގެ، 130 މީހުންނެވެ. ރަށުން ބޭރުގައި، 57 މީހުންނެވެ. ހަތިފުށީގައި އޭރު މީހުން ދިރިއުޅެނީ، 33 ގޭގައެވެ. އޭގެތެރެއިން، 23 ގޭގެ މީހުން ހަތިފުށީން އެހެން ރަށަކަށް ބަދަލުވާން ބޭނުން މީހުންގެ ތެރޭގައި ސޮއި ކޮށްފައި ވެއެވެ. އޭރު ކުރެވުނު ސާވޭގެ މުޅި ނަތީޖާއަށް ބަލާއިރު ފެންނަނީ މަދުބައެއްގެ ޚިޔާލު ތަފާތުވެފައި ވާނަމަ ވެސް އާއިލާތަކުގެ ނިސްބަތުން ތިންބައިކުޅަ ދެބަޔަށްވުރެ މަތީ އަދަދެއް ބޭނުން ވަނީ، ސަރުކާރުގެ އެހީއާ އެކު ހަތިފުށިން އެހެން ރަށަކަށް ބަދަލުވާން ތިބި ކަމަށެވެ.

ހަތިފުށީ މީހުން ބަދަލުކުރާނެ ވަކިރަށެއް އޭރު ހަމަޖައްސަވާފައެއް ނެތެވެ. އޮތްގޮތަކީ، މިރަށުގެ މީހުން އެދޭރަށަކަށް ބަދަލު ކުރާގޮތަށެވެ. ހަތިފުށީ ރައްޔިތުން އެމީހުން އެދޭ އެހެން ރަށަކަށް ބަދަލު ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިފައެއް ނުވެއެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް ހަތިފުށީގެ އާބާދީ އަކީ، 289 މީހުންނެވެ.

ހދ. އަތޮޅު:

ހޮނޑައިދޫ އާއި ފަރިދޫ:

ތިލަދުންމަތީ ދެކުނުބުރީ ފަރިދޫއާއި ހޮނޑައިދޫގެ މީހުން އެހެން ރަށަކަށް ބަދަލުވާން އެދޭކަމަށް މިނިސްޓަރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުމުން އޭރުގެ މިނިސްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމް، 14 ފެބްރުއަރީ 1993 ގައި ހޮނޑައިދުވަށާއި ފަރިދުވަށް ވަޑައިގެން އެދެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި އެދެރަށުން މީހުން ބަދަލު ވުމުގައި ސަރުކާރުން ކޮށްދެވެން ހުރި ކަންތައްތައް އޮޅުން ފިލުއްވައި ދެއްވުމަށް ފަހު، އެ ދެރަށުން ކުރެ ކޮންމެ ރަށެއްގެ ވެސް ގޭގެ ވެރިންނައި ވަކިވަކިން ބައްދަލު ކުރައްވައި އެމީހުން ގަސްދު ކުރާގޮތް އޮޅުން ފިލުއްވައި، އެމީސްމީހުން ބުނާ ބުނުމުގައި ސޮއި ވެސް ވަނީ ކުރުވާފަ އެވެ. ދާންއެދޭ ރަށްރަށް އަމިއްލައަށް ބުނެ އެމީހުން ބަޔާންދީފައި އެބަހުއްޓެވެ. ވަރަށް މަދު ގެއެއްގެ ވެރީން ރަށުގައި ނެތުމުގެ ސަބަބުން އެމީހުންގެ ޚިޔާލު ހޯދިފައެއް ނުވެއެވެ.

ހޮނޑައިދޫގައި ހުރި، 31 ގޭގެ ވެރިންގެ ތެރެއިން މިނިސްޓަރު ބައްދަލު ކުރެއްވި، 29 މީހުންކުރެ، 26 މީހުން އެދިފައި ވަނީ، ހދ. ހަނިމާދުވަށް ބަދަލުވާށެވެ. ދެންތިބި، 3 މީހުންގެ ތެރެއިން ދެމީހުން އެދެނީ، ހދ. ފިނޭއަށް ބަދަލުވާށެވެ. އަނެކަކު ބުނެފައި ވަނީ ގިނަމީހުންދާ ރަށަކަށް ދާންއެދޭ ކަމަށެވެ.

ފަރިދޫގައި، 36 ގޭގެ ވެރިންގެ ތެރެއިން މިނިސްޓަރު ބައްދަލު ކުރެއްވި، 30 މީހުންކުރެ، 13 މީހުން އެދެނީ، ހދ. ހަނިމާދުވަށް ބަދަލުވާށެވެ. ދެންތިބި، 17 މީހުންގެ ތެރެއިން، 13 މީހުން އެދެނީ، ހދ. ނޮޅިވަރަންފަރަށް ބަދަލުވާށެވެ. އަނެއް، 4 މީހުންގެ ތެރެއިން އެކަކު އެދެނީ، ހދ. ފިނޭއަށް ބަދަލުވާށެވެ. އަނެކަކު އެދެނީ، ހދ. ނެއްލައިދުވަށް ބަދަލުވާށެވެ. ދެންތިބި، 2 މީހުން ބުނެފައި ވަނީ ކަތީބުސާހިބު ބަދަލުވާ ރަށަކަށް ބަދަލުވާން އެދޭކަމަށެވެ.

ފަހެ، މިދެރަށުގެ ތެރެއިން ހޮނޑައިދޫގެ ގޯތިގެދޮރު ވަނީ އެދުވަސްވަރު އަގުމަގުކޮށް ނިންމައި، އަދި ފަހުން ގެހަދައި މަރާމާތު ކުރުމުގެ ހުއްދަ ދެއްވާފައެވެ. އެހެނަސް އަމިއްލަ މީސްމީހުންގެ ރުއްގަހުގެ އަގުކޮށް ހަދާފައެއް ނުވެއެވެ. މިދެރަށުގެ މީހުން ބަދަލުކުރާނެ ވަކިޚާއްސަ ރަށެއް އޭރު ހަމަޖައްސާފައެއް ނުވެއެވެ. އޮތްގޮތަކީ އެމީހަކު ބޭނުން ރަށަކަށް ބަދަލު ކުރާގޮތަށެވެ. މި ދެރަށުގެ މީހުން ބަދަލު ކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށިފައެއް ނުވެއެވެ.

1996 ވަނަ އަހަރުގެ ނިޔަލަށް ހޮނޑައިދޫގެ އާބާދީއަކީ، 164 މީހުންނެވެ. އަދި، 1996 ގެ ނިޔަލަށް ފަރިދޫގެ އާބާދީއަކީ، 209 މީހުންނެވެ.

ނ. އަތޮޅު:

ތޮޅެންދޫ:

ނ. ތޮޅެންދޫ މީހުން ބަދަލު ކުރެއްވީ ކެނދިކުޅުދޫ އަށެވެ. ކެނދިކުޅުދޫ ޕްލޭންކޮށް ޗާޓު ކުރެހުމުގެ މަސައްކަތް ފެށީ، 1992 ވަނަ އަހަރުގައެވެ. ތޮޅެންދޫގެ ފުރަތަމަ ގޭގެ ބިންގާ ކެނދިކުޅުދޫ ގައި އަޅުއްވައި ދެއްވީ، 7 މޭ 1992 ގައި އޭރުގެ މިނިސްޓަރ އޮނަރަބްލް އިލްޔާސް އިބްރާހީމެވެ. މިހިސާބުން ތޮޅެންދޫ މީހުން ކެނދިކުޅުދޫ ގައި ވަޒަންވެރި ވުމުގެ މަސައްކަތް ފަށައިގަތީ އެވެ.

ތޮޅެންދޫގެ، 23 ގެ ކެނދިކުޅުދޫ ގައި އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ނިމި އެގެތަކަށް ތޮޅެންދޫ މީހުން ބަދަލުކުރުމުގެ ރަސްމިއްޔާތި އޮތީ، 29 ޑިސެމްބަރ 1992 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމް ކެނދިކުޅުދު ވަށް ވަޑައި ގެންނެވެ.

ތޮޅެންދޫ މީހުން ބަދަލުވި އިރު ތޮޅެންދޫގެ އާބާދީއަކީ، 171 މީހުންނެވެ. މިބަދަލު ކުރެއްވުމާ ގުޅިގެން މިއަދާހަމައަށް ވެސް ތޮޅެންދޫ މީހުން ދިރިއުޅެމުން ދަނީ ކެނދިކުޅުދޫ ގައެވެ. 1996 ގެ ނިޔަލަށް ކެނދިކުޅުދޫގެ އާބާދީ އަކީ، 1401 މީހުންނެވެ. ތޮޅެންދޫއަކީ މިހާރު ފަޅުރަށެކެވެ.

ތޮޅެންދޫ މީހުންގެ ގެދޮރު އިމާރާތްކުރުމުގެ މަސައްކަތަށް ހިނގިޚަރަދު:

*މަސައްކަތް ތަކުގެ އަގަށްދޫކުރި ފައިސާ   740,000.00

*އިމާރާތްތައް ހެދުމާއި މަގުފާރުތައް ރޭނުމުގެ މަސައްކަތަށް ހޯދުނު ތަކެއްޗަށް 766,602.00

*ކަރަންޓްލުމުގެ މަސައްކަތަށް ހޯދުނު ތަކެތީގެ އަގަށް 157,606.75

*ކަރަންޓުލުމަށް ހޯދުނު، 2 ޖެނެރޭޓަރުގެ އަގަށް  135,048.76

*ނާލާއި މަޖޫރީއަށް   107,945.76

*ކެނދިކުޅުދޫއަށް މުދާބޭލުމާއި އުފުލުމަށް  72,560.51

*ޖުމްލަ ޚަރަދު   1,979,764.02

*ގެތައް އިމާރާތް ކުރުމުގެ އިތުރަށް ހުރިހާ ގެއެއްގެ މަގުފާރުތައް ވެސް ވަނީ ރާނާދެވި ފައެވެ.

*ނުރާނާ ފަނުންހުރި ގެތަކާއި ރާނަން ފަށާފައި ނުނިންމާ ހުރި ފާރުތައް ވެސް ވަނީ ރާނާނިމި ހިޔާކޮށް ދެވިފައެވެ.

*ތޮޅެންދޫ މީހުންގެ ހުރިހާ ގެއަކަށާއި ރަށުގެ ދެއަވަށުގެ މަގުތަކަށް ވެސް ކަރަންޓުލައި ދެވިފައި ވެއެވެ. އަދި ކުރިން އެރަށުގައި ދިރިއުޅެމުން އަންނަ ކެނދިކޮޅު އަވަށާއި ކުޅުދޫ އަވަށުގެ މީހުންނަށް ވެސް އެރަށަށް ބަދަލުވާ ތޮޅެންދޫ މީހުންނެކޭ އެއްފަދައިން ކަރަންޓުގެ ޚިދުމަތް ދެވުނު އެވެ.

*ގެތައް އިމާރާތް ކުރެވިފައި ވަނީ ކެނދިކޮޅު އަވަށުގައި، 4 ގެއާއި، ކުޅުދޫ އަވަށުގައި، 18 ގެއެވެ.

އިތުރު މައުލޫމާތު.

1968 ގައި ނ. ތޮޅެންދޫ މީހުން އެއަތޮޅު ވެލިދުވަށް ބަދަލުވެ އެނބުރި ތޮޅެންދޫއަށް ދިއުން:

ށ. ތޮޅެންދޫ މީހުން ވެލިދުވަށް ބަދަލުކުރަން ފެށުނީ، 11 ޖުލައި 1968 ގައެވެ. ތޮޅެންދޫ މީހުން ވެލިދުވަށް ބަދަލު ކުރެއްވި އިރު، ތޮޅެންދޫގައި މީހުން ތިބި އަދަދަކީ، 109 އެވެ. ވެލިދޫން ތޮޅެންދުވަށް އަނބުރާދިޔައީ ވެލިދޫގައި ތިބުމަށް ހިތްހަމަ ނުޖެހިގެން އެދުވަސްވަރު ކާޑުގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވި ދަތިތައް އިހްސާސް ކުރަން ޖެހުމާއި އަމިއްލަ ދިރިއުޅުމަށް ބޭނުންވާ ތެކެތީގެ ތެރެއިން ކާށި، ކުރޮޅި، ދަރު، ދަނޑި، ފަދަ ތަކެތި ލިބޭނެގޮތް ހަމަޖެހިފައި ނެތުމުންނެވެ.

ސަރުކާރުން ދެވަނަ ފަހަރަށް ތޮޅެންދުވަށް ބަދަލުވުމުގެ ހުއްދަ ދެއްވުމާ ގުޅިގެން ސަރުކާރުގެ އެއްވެސް އެހީފުޅެއް ނެތި ތޮޅެންދުވަށް ބަދަލުވާން ފެށި ފުރަތަމަ ތާރީޚަކީ، 11 ޖޫން 1975 އެވެ.

ރ. އަތޮޅު:

އުނގުލާއި ގާއުނޑޫދޫ:

އުނގުލާއި ގާއުނޑޫދޫ މިދެރަށުގެ މީހުން ބަދަލު ކުރެވުނީ ހުޅުދުއްފާރަށެވެ. ހުޅުދުއްފާރު އާބާދު ކުރުމުގެ މަސައްކަތް ފެށުނީ، 12 ފެބްރުއަރީ 1992 ގައެވެ. އުނގުލާއި ގާއުނޑޫދޫ މީހުން ހުޅުދުއްފާރަށް ބަދަލު ކުރުމުގެ ގޮތުން ހުޅުދުއްފާރުން އެންމެ ފުރަތަމަ ދޫކުރެވުނު، 49 ގޯތި ދޫކުރެވުނީ، 10 ޖެނުއަރީ 1993 ގައެވެ. އެންމެ ފުރަތަމަ ހުޅުދުއްފާރަށް ބަދަލުވެ ވަޒަންވެރިވީ އުނގުލުގެ، 5 މީހުންގެ މައްޗަށް އެކުލެވިގެންވާ އާއިލާއެކެވެ. މި އާއިލާ ހުޅުދުއްފާރު ގައި ވަޒަންވެރިވީ، 27 ފެބްރުއަރީ 1993 ގައެވެ. ހުޅުދުއްފާރު ގައި އެންމެ ފުރަތަމަ އުފަންވި ކުއްޖާ އުފަންވެފައި ވަނީ، 20 އޮކްޓޯބަރ 1993 ގައެވެ.

އުނގުލުން ހުޅުދުއްފާރަށް ހިޖްރަކުރީ، 93 ގޭގެ މީހުންނެވެ. ގާއުނޑޫދޫން ހުޅުދުއްފާރަށް ހިޖްރަކުރީ، 94 ގޭގެ މީހުންނެވެ. މި ދެރަށުން ހުޅުދުއްފާރަށް ހިޖްރަކޮށް ވަޒަންވެރިވީ މީހުންގެ ގޯތީގެ ޖުމްލައަކީ، 187 އެވެ. މިއީ އެ ދެރަށުގައި ގެ ހުރި އަދަދެވެ.

މިދެންނެވުނު، 187 ގޯތި ހުޅުދުއްފާރުން ދޫކޮށް އެގޯތިތަކުގެ ގެ އެޅުމަށް ޓަކައި ޚަރަދު ކުރެއްވީ ބޭރުގެ އެހީއެއްނެތި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. މިދެރަށުން ހުޅުދުއްފާރަށް ހިޖްރަކުރި މީހުންގެ އަދަދަކީ އުނގުލުން، 272 ފިރިހެނުންނާއި، 249 އަންހެނުން ނާއެކު ޖުމްލަ، 521 މީހުންނެވެ. ގާއުނޑޫދޫން، 234 ފިރިހެނުންނާއި، 227 އަންހެނުން ނާއެކު ޖުމްލަ، 461 މީހުންނެވެ. މިއީ އެދެރަށުގައި ތިބި، 187 އާއިލާގައި އެކުލެވިގެންވާ މީހުންގެ އަދަދެވެ.

ފަހެ، ހުޅުދުއްފާރަށް ހިޖްރަކުރި ދެރަށުގެ މީހުންނަށް ގެއެޅުމަށް ފުރަތަމަ ފައިސާ ދޫކުރެވުނީ އެމީހުންގެ އަމިއްލަ ރަށުގައި ހުރި ގެތަކަށްބަލައި ކޯޓު މެދުވެރި ނުކޮށް އިދާރީ ގޮތުން، ވަކި އަގެއް ހަމަޖައްސައި އެފައިސާ ތިންފަހަރެއްގެ މަތިން ދެމުންގޮސް ދީ ފުރިހަމަކޮށް ނިންމާ ގޮތަށެވެ. މިގޮތަށް އެކިފަހަރު ތަކަށް ފައިސާ ދިނުން ހަމަޖައްސާފައި ވަނީ، ގެއެޅުމަށް އިތުރުބާރު އެޅުމުގެ ގޮތުންނެވެ. ފުރަތަމަ މިކަން ފެށުނުއިރު އެމީހުންގެ އަމިއްލަ ރުއްގަހަށް ބަދަލު ދެއްވާގޮތް އޮތީ ހަމަ ނުޖައްސަވަ އެވެ. މިކަންތައްތައް މިގޮތަށް އޮތުމާ ގުޅިގެން، 1994 ގެމެދަކަށް އައިއިރު ބައެއްމީހުން ހުޅުދުއްފާރަށް ބަދަލުވެވޭނީ ގޯތި ގެދޮރަށާއި އަމިއްލަ ރުއްގަސް ތަކަށް ޝަރުއީ ކޯޓު މެދުވެރިކޮށް ޝަރުއީ ބަދަލު ލިބިގެން ކަމަށް ބުނެ ޝަކުވާ ހުށަހަޅަން ފަށައިފިއެވެ. އަދި ގާއުނޑޫދޫގެ، 12 އާއިލާއެއް މިކަންތައް އިންސާފުވެރި ގޮތަކަށް ބަލައި ނުދެނީސް ހުޅުދުއްފާރަށް ބަދަލު ނުވާނެކަމަށް ބުނަމުން ގެންގޮސް ފައިވެއެވެ.

އާދެ! ހުޅުދުއްފާރުގެ މަސައްކަތް މިހާހަމައިގައި ވަނިކޮށް އެއްފަސް ކުރުމުގެ ދެވަނަ މަރުހަލާގެ ބާނީ، އޮނަރަބްލް އިލްޔާސް އިބްރާހީމް ވަނީ، ދިމާވި ސިޔާސީ ސަބަކާ ހެދި މިނިސްޓަރު ކަމުނެ ވަކިކުރައްވައި ރާއްޖެއިން ބޭރަށް އޭރުގެ ސަރުކާރުން އަރުވާ ލައްވާފަ އެވެ. މި ދުވަސްވަރު ހުޅުދުއްފާރަށް އެދެރަށުން އަންނަންތިބި މީހުންގެ ޝަކުވާތައް މިނިސްޓްރީ އޮފް އެޓޮލްސް އަށް ހެސްކިޔާފަ އޮހެމުން ދިޔައެވެ. އިލްޔާސަށް ފަހު އެމިނިސްޓްރީ ހިންގެވުން ސަރުކާރުން ހަވާލުކުރެއްވީ، ޑޮކްޓަރ މުހަންމަދު ލަތީފުއައި އެވެ. ދެން ކުޑަ ދުވަސްކޮޅަކަށް ފަހު، 1993 ގައި ހަވާލުކުރެއްވީ އޮނަރަބްލް އަބްދުއްރަޝީދު ހުސައިންއައި އެވެ.

ފަހެ، މިޝަކުވާތަކާ މެދު މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވިސްނަވައި މުޅި ޕްރޮޖެކްޓް ރޭވިފައި އޮތްގޮތާ މެދު، މިނިސްޓްރީގެ އެންމެ އިސްވެރިންގެ ބައްދަލު ވުމެއް، 11 ސެޕްޓެމްބަރ 1995 ގައި މަޝްވަރާ ކުރެއެއްވުމަށް ފަހު ނިންމެވީ، އުނގުލާއި ގާއުނޑޫދޫގެ މީހުންގެ ގޯތިގެދޮރު އިދާރީގޮތުން އަގުކުރެވުނު ގޮތް އަލުން ދިރާސާކޮށް މަސައްކަތުގެ އަގަށް ކުރިން ދެއްވި، 5% ގެބަދަލުގައި، 22% ދެއްވުމާ އެކު ކޮންމެ ގެއެއް ވަކިން ޝަރުއީކޯޓު މެދުވެރިކޮށް ޝަރުއީ ބަދަލު ދިނުމާއި އެމީހުންގެ އަމިއްލަ ރުއްގަހުގެ ބަދަލުވެސް، ޝަރުއީކޯޓު މެދުވެރިކޮށް ޝަރީއަތް ނިންމުމަށް ފަހު، ދިނުމަށެވެ. އަދި ހުޅުދުއްފާރަށް ބަދަލުވި، 187 ގޭގެ މީހުންނަށް އެމީހުންގެ ގޭގެ މަގުމަތީފާރާއި އިންފާރުތައް ރޭނުމަށްޓަކާ ކޮންމެ ގެއަކަށް، އެ މަސައްކަތުގެ ތަކެތީގެ އަގު ކަމުގައި ބަލާ، 7700.00 (ހަތްހާސް ހަތްސަތޭކަ) ރުފިޔާ ވެސް ދިނުމަށެވެ.

މިކަންތައްތައް މި ދެންނެވިގޮތަށް ހަމަޖެހިގެން ދިއުމުން އުނގުލާއި ގާއުނޑޫދޫ މީހުންގެ ދެބަސްވުން ހައްލުވެ ބަދަލުވާން ތިބި މީހުންވެސް ހުޅުދުއްފާރަށް ބަދަލު ވެއްޖެއެވެ. އެހެނަސް މިހިސާބުން ފެށިގެން މިދިޔައީ، އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް ޚާއްސަ އިނާޔަތްތަކެއް ދެވޭގޮތަށް ހަމަޖެހި ގެންނެވެ. އެއީ ވަށާފާރާއި އިންފާރު ދައުލަތުގެ ޚަރަދުގައި ލައިދޭން ފެށުމެވެ. އޭރު މިކަންކަމުގައި މިނިސްޓަރުގެ ދަށުން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ ސެކްޝަން، “ރީސެޓްމެންޓް ސެކްޝަން” ހިންގުމަށް މިނިސްޓްރީ އޮފް އެޓޮލްސް ގައި އިސް ވެރިއެއްގެ ހައިސިއްޔަތުން ބަލަހައްޓަމުން ގެންދިޔައީ އަޅުގަނޑުގެ މޭސްތިރި ކަމުގައެވެ. ހުޅުދުއްފާރު ގައި ނުނިމި ހުރި މަސައްކަތްތަކާއި ރަސްމީކޮށް ހުޅުވުމުގެ ހުރިހާ އިންތިޒާމް ތަކެއް މިނިސްޓަރުގެ ދަށުން ރާވާއި ހިންގީ ސީދާ އަޅުގަނޑު (އިލްޔާސް ހުސައިން އިބްރާހީމް) ގެ މޭސްތިރިކަމުގެ ދަށުންނެވެ.

ފަހެ! ހުޅުދުއްފާރު މީހުންއުޅޭ ރަށެއްގެ ގޮތުގައި ރަސްމީގޮތުން ހަމަޖައްސަވައި ރާއްޖޭގެ ދިދަ ނަންގަވައި ދެއްވީ، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމެވެ. މި ރަސްމިއްޔާތު ހުޅުދުއްފާރުގައި އެމަނިކުފާނު ޝަރަފުވެރި ކޮށްދެއްވީ، 13 މާޗް 1995 ގައެވެ. އަޅުގަނޑު މިގަތުރުގައި ބައިވެރިވީމު އެވެ.

އެހެނަސް ގާއުނޑުދޫ ގެ ދެތިން މީހަކު ގަދަހަދާލައި ގާއުނޑޫދޫން ހުޅުދުއްފާރަށް ނައިސް އެރަށުގެ ރުއްގަހުން ކައިބޮއި އަދި ލަކުޑި ކަނޑައިގެން ބޮއްކުރާ ބަނދެ މިފަދަ ކަންކަމުގައި ދުވަސްގަނޑެއް ވަންދެން ދާއުނޑޫދޫ ގައި އުޅުނެވެ. ފަހުން މިކަންވެސް ހައްލުވެ، އެއީ ފަޅުރަށަކަށް ހަމަޖެހި ނިމުނީއެވެ.

އާދެ! އުނގުލާއި ގާއުނޑޫދޫގައި ހުރި ގޯތިގެދޮރަށް އަގު ދިނުމަށް، 3,621,701.49 (ތިންމިލިއަން ހަސަތޭކަ އެކާވީސްހާސް ހަތްސަތޭކަ އެއް ރުފިޔާ ސާޅީސް ނުވަލާރި) ޚަރަދުވިއެވެ. އަދި އުނގުލާއި ގާއުނޑޫދޫގައި ހުރި ރުއްގަހުގެ ބަދަލަށް، 3,260,984.96 (ތިން މިލިއަން ދުއިސައްތަ ފަންސާސް ހާސް ނުވަސަތޭކަ އައްޑިހަ ހަތަރު ރުފިޔާ ނުވަދިހަ ހަލާރި) ޚަރަދު ވިއެވެ. ފަހެ، މުޅި މި މަޝްރޫއަށް ޚަރަދު ވެފައިވަނީ، 20,061,247.25 (ވިހި މިލިއަން ފަސްދޮޅަސް އެއްހާސް ދުއިސައްތަ ސާޅިސްހަތް ރުފިޔާ ފަންސަވީސް ލާރި) އެވެ.

ފަހެ، ހުޅުދުއްފާރު ރަސްމީގޮތުން މީހުން ދިރިއުޅޭ ރަށަކަށް ހަމަޖެހިގެން ދިޔައިރު ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ލިބޭނެ ތަންތަން އެރަށުގައި ވަނީ އިމާރާތް ކުރެވިފައެވެ. ރަށުއޮފީސް އިމާރާތާއި ރަށުކޯޓު އިމާރާތާއި ސްކޫލް އިމާރާތާއި ސިއްހީ މަރުކަޒުގެ އިމާރާތާއި ބޯފެންތާނގީ ތަކާއި ދެދިމާއެއް ގައި ދެފާލަން ވަނީ އަޅައިދެވި، އޮޑިދޯނި ފަހަރަށް ވަދެވޭވަރަށް ފަޅުފުންކޮށް ދެވިފައެވެ. ފަހުގެ މި މަސައްކަތްތައް ހިންގީ ނިންމާލީ ސީދާ އަޅުގަނޑު ގޮސް އެރަށުގައި ހުރެގެންނެވެ. 1996 ގެ ނިޔަލަށް ހުޅުދުއްފާރުގެ އާބާދީއަކީ، 1106 މީހުންނެވެ.

ގއ. އަތޮޅު:

ދިޔަދޫ:

ހުވަދު އަތޮޅު އުތުރުބުރީ ދިޔަދޫ އަކީ މަދު މީސްކޮޅެއް ދިރިއުޅޭ ތަރައްގީގެ ކަންތައްތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިއުމަށް ދަތިވެފައިވާ ރަށެކެވެ. ދިޔަދުވަށް ތަރައްގީ ލިބިދިނުމުގައި އެރަށުގައި ދިރިއުޅޭ މީހުން މަދުކަމުގެ ސަބަބުން ހުރަސްތަކެއް އެޅޭކަމަށް އެރަށުގެ ރައްޔިތުންނަށް ވެސް ގަބޫލު ކުރެވިފައި ވާތީ އެރަށުގެ ރައްޔިތުންގެ ތެރެއިން ގިނަމީހުން އެހެން ރަށަކަށް ބަދަލުވުމަށް އެދި އޭރުގެ މިނިސްޓަރ އޮނަރަބްލް އިލްޔާސް އިބްރާހީމް އަރިހަށް ހުށަހަޅާފައި ވެއެވެ.

12 ޑިސެމްބަރ 1992 ދުވަހު އޭރުގެ މިނިސްޓަރ ދިޔަދުވަށް ވަޑައިގެން އެރަށުގެ ގޭގޭގެ ވެރިން އޮފީހަށް ހާޒިރު ކުރައްވައި އެމީހުންގެ ޚިޔާލު ހޯއްދެވުމުން ލިބިފައިވާ ނަތީޖާ ތިރީގައި މިދަންނަވަނީ އެވެ.

*ގއ. ކޮނޑޭއަށް ބަދަލުވާން އެދޭ، 7 (ހަތެއް) ގެ.

*ގއ. ކޮނޑޭނޫން އެހެން ރަށަކަށް ބަދަލުވާން އެދޭ، 10 ގެ.

*ގއ. ގެމަނަފުއްޓަށް ބަދަލުވާން އެދޭ، 5 (ފަހެއް) ގެ.

*ގއ. ވިލިގިއްޔަށް ބަދަލުވާން އެދޭ، 3 (ތިނެއް) ގެ.

* ސަރުކާރުން ބަދަލުކުރެއްވި ކޮންމެ ރަށަކަށް ވިޔަސް ބަދަލުވާން އެދޭ، 4 (ހަތަރެއް) ގެ.

*ގއ. ދިޔަދޫން އެއްގޮތަކަށް ވެސް ބަދަލުވާން ނޭދޭ، 5 (ފަހެއް) ގެ.

ފަހެ، މި ނަތީޖާއަށް ބަލާއިރު ދިޔަދޫ ރައްޔިތުންގެ ތެރެއިން، 85.29% މީހުން އެހެން ރަށަކަށް ބަދަލުވާން އެދެއެވެ. ބަދަލުވާން ނޭދެނީ، 14.71% މީހުންނެވެ. މިއީރަށުގެ ނިސްބަތުން ބަލާއިރު މަދު އަދަދެކެވެ.

މިދެންނެވުނު ގޮތުގެ މަތިން ދިޔަދޫ ރައްޔިތުން އެހެން ރަށްރަށަށް ބަދަލުވާން އެދޭކަމަށް ސޮއިކޮށް ބަޔާންތައް ދީފައި އެބަހުއްޓެވެ. ދިޔަދޫގެ ގޯތިގެދޮރު ވަނީ، އެދުވަސްވަރު އަގުމަގުކޮށް ނިންމާފައެވެ. އެހެނަސް އަމިއްލަ ރުއްގަސް އަގުކުރެވިފައެއް ނުވެއެވެ. ދިޔަދޫގެ މީހުން އެމީހުން އެދުނު ރަށްތަކަށް ބަދަލު ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިފައެއް ނުވެއެވެ. އެމަސައްކަތް އެދުވަސްވަރު އެހިސާބަށް ގެންދިއުމަށް ފަހު މިނިސްޓަރ އިލްޔާސް ފުރާވަޑައި ގަތުމުން ހުއްޓިފައި އޮތީއެވެ. 1996 ގެ ނިޔަލަށް ދިޔަދޫގެ އާބާދީ އަކީ، 230 މީހުންނެވެ.

އާދެ! މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓަރޭޝަންގެ މިނިސްޓަރު ކަމާ، އޮނަރަބްލް އަބްދުއްރަޝީދު ހުސައިން ހަވާލުވެ ވަޑައިގެން، އެއްރަށުން އަނެއްރަށަށް މީހުން ބަދަލު ކުރެއްވުމުގެ މަސައްކަތް، 1995 ވަނަ އަހަރުގެ މެދުތެރޭގައި މީސްކޮޅު މަދު ފަޅުދަތި ރަށްރަށުގެ މީހުން، މިހާރުވެސް އާބާދު ވެފައިވާ ބިންބޮޑު ފަޅުފަސޭހަ ރަށްރަށަށް ބަދަލު ކުރެއްވުމުގެ އޮއިވަރު ހިނގައިގަތީ މުޅިން ތަފާތު ގޮތަކަށެވެ. މާޒީގައި މިމަސައްކަތް ކުރެވިފައި އޮތްގޮތަށާއި މީހުންގެ ޝަކުވާތަކަށް ބަލާ ވިސްނެވުމަށް ފަހު، މިފަހަރު ހަމަޖެއްސެވީ، އެބަޔަކު ބަދަލުވާން އެދޭ ރަށަކަށް ބަދަލުކޮށް ދިނުމަށް އެދި ދެންނެވުމުގެ އިޚްތިޔާރު އެބަޔަކަށް ދޫކޮށް ލެއްވުމަށެވެ. އަދި އެމީހެއްގެ ގެ ބިނާކޮށްފައި ހުރިގޮތް ބަލާ ހެދުމަށް ފަހު، އެގޭގެ ބަދަލުގައި ބަދަލުވާ ރަށުގައި ގެއެއް ސަރުކާރުން އަޅައިދޭ ގޮތަށެވެ.

ފަހެ މިގޮތަށް ހަމަޖައްސަން ޖެހުނީ، ގޭގެ ޝަރުއީ ބަދަލަށް ޖެހޭ ފައިސާކޮޅު އެކިފަހަރު މަތިން ދީގެންވެސް ގެނޭޅި ގިނަ ދުވަސްތައްވެ، އެކި މައްސަލަތައް އުފެދެމުން ދާތީއެވެ. ހުޅުދުއްފާރަށް އުނގުލާއި ގާއުނޑޫދޫ މީހުން ބަދަލު ކުރުމުގައި މިފަދަ އުނދަގޫ އެތައް ތަޖްރިބާތަކެއް ކުރެވިފައި ވުމާ އެކު،  އެއްރަށުން އަނެއްރަށަށް މީހުން ބަދަލު ކުރުމުގައި ގެންގުޅޭ މިންގަނޑު މިގޮތަށް ހަމަޖައްސަން ޖެހުނީއެވެ. ބަދަލުގައި ގެ އަޅައިދީ ތަޅުދަނޑި ފައްޗާ އެކުގައި ގެ ހަވާލު ކުރާގޮތަށް މި ޕްރޮގްރާމް ރާވައި ޕްރޮޖެކްޓެއްގެ ގޮތުގައި ފުރަތަކަ ފަހަރަށް ލިޔެ ތައްޔާރު ކުރީ، އޭރުގެ މިނިސްޓަރ އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އަންގަވައިގެން އޭރު ސެލެކްޓަޑް އައިލެންޑްސް ޑިވެލޮޕްމަންޓް ޔުނިޓް ހިންގުމާ ހަވާލުވެހުރި، އަޅުގަނޑު (އިލްޔާސް ހުސައިން އިބްރާހީމް) އެވެ.

ފަހެ، އަލަށް އެކުލަވާލެވުނު މި ޕްރޮގްރާމް، ނަމޫނާ ޕްރޮޖެކްޓެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ތަޖްރިބާ ކުރެވުނީ، 1996 ވަނަ އަހަރު، ށ. ފިރުބައިދޫން މި ޕްލޭނައި އެއްގޮތަށް، ށ. ފުނަދުވަށް ބަދަލުކޮށް ދިނުމަށް އެދި ބަޔަކު ހުށަހެޅުމުން ނެވެ. އާދެ! އެއްފަސް ކުރުމުގެ ތިންވަނަ މަރްހަލާ ފެށުނީ، މިނިސްޓަރު އަބްދުއްރަޝީދު ހުސައިން މުޅިން އާރޫހަކާ އެކު މި މަސައްކަތް އަލުން ފެއްޓެވި ހިސާބުންނެވެ.

އަލަށް މި އެކުލަވާލެވުނުގެ ހަގީގީ މޭސްތިރިއަކީ އޭރުގެ މިނިސްޓަރ އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އެވެ. އެމަނިކުފާނުގެ ޚައްސަ ބެއްލެވުމުގެ ދަށުން، ލަފަޔާއި އިރުޝާދު ލިބިގެން މި މަސައްކަތަށް ގެނެވުނު ބޮޑު ބަދަލާ އެކު، މުޅީން އާފެށުމަކާއި ޖޯޝެއްގައި މިމަސައްކަތަށް އަމަލީ ސިފައެއް ގެނައީ މިގޮތުގެ މަތީން އަޅުގަނޑެވެ.

އާދެ! 11 ނޮވެމްބަރ 1993 ގައި ސެލެކްޓެޑް އައިލެންޑްސް ޑިވެލޮޕްމެންޓް ޔުނިޓް (ސިޑު) މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ގެ ދަށުން ހިންގަމުންދާ އޮފީހެއްގެ ގޮތުގައި ހަމަޖެއްސުމަށް ފަހު، އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތްތައް ހަވާލު ކުރެއްވީ އެ ޔުނިޓާއެވެ. އޭރު އަޅުގަނޑު އެމިނިސްޓްރީ ގައި ހުރީ ރީސެޓްމެލްޓް ސެކްޝަނައި ހަވާލުވެގެން ނެވެ.

އާދެ! އެދުވަހުން ފެށިގެން އެޔުނިޓާއި އެސެކްޝަން މިނިސްޓަރުގެ ދަށުން ބަލަހައްޓަމުން ގެންދިޔައީ އަޅުގަނޑުގެ ބެލުމުގެ ދަށުންނެވެ. ފަހެ، އެދުވަސް ވަރަކީ، އެއްފަސްކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރިޔަށް ގެންދެވުނު ދުވަސްވަރެކެވެ. އެއީ އެމަސައްކަތުގެ ތިންވަނަ މަރްހަލާގެ މަސައްކަތް ތަކެވެ. މޭސްތިރިއަކަށް ހުންނެވީ، އޮނަރަބްލް މިނިސްޓަރ އަބްދުއް ރަޝީދު ހުސައިނެވެ.

އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކުރުމުގެ އޮއިވަރަށް މިއައި ބަދަލާ ގުޅިގެން، ސިޑުން އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންގެ ގެ އަޅައި ދިނުމުގައި ގެންގުޅޭނެ މިންގަނޑެއް އަލުން ހަމަޖައްސަވައި އެކުލަވާލި ޕްލޭނާ އެއްގޮތަށް މީހުން ބަދަލު ކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށުނީ، 1996 ވަނަ އަހަރު ގައެވެ.

ތިރީގައި މި ގެނެސްދެނީ ސިޑުން ހަމަޖައްސަވާ ފައިވާ އެއްރަށުން އަނެއް ރަށަށް ބަދަލުވާ މީހުންނަށް އިމާރާތް ކޮށްދޭ ގެ ހުންނާނެ ގޮތުގެ ތަފްސީލް ތަކުގެ މުހިންމު ބައިތަކެވެ.

1، އަލަށް ދޫކުރެވޭ ކޮންމެ ގޯއްޗެއްގެ ބޮޑު މިނަކީ، 80 ފޫޓު، 50 ފޫޓެވެ.

2، ގޭގެ އިމާރާތުގެ އިންތަކާ ބެހޭ ތަފްސީލް:

މި މަޝްރޫއުގެ ދަށުން އަޅައިދޭ ގެތަކުގެ ސިޓިންރޫމުގެ ބޮޑު މިނަކީ، 29×12 ފޫޓެވެ. ކޮޓަރިއެއްގެ ބޮޑު މިނަކީ، 12×12 ފޫޓެވެ. ވަޅުކޮޓަރީގެ (ގިފިލީގެ) ބޮޑު މިނަކީ، 8×12 ފޫޓެވެ. ބަދިގެ އާއި ކާގޭގެ ބޮޑުމިނަކީ، 10×14 ފޫޓެވެ. އަދި ފާޚާނާގެ ބޮޑުމިނަކީ، 8×4 ފޫޓެވެ.

3، ފެންތާނގީ އާއި ބެހޭ ތަފްސީލް:

ބޯފެންތާނގީ ހުރި ގެއެއްގެ ބަދަލުގައި ގެ އަޅައިދޭ ނަމަ، އެގެ އެއްގައި އެސައިޒުގެ ޕްލާސްޓިކް ކަޅު ހަމެއް މަތިގަނޑާ އެކު ވާރޭފެން އެޅޭގޮތަށް ގުޅައި ދިނުމާ އެކު ބަހައްޓައި ދެވޭނެ އެވެ. އަދި ތަނގީގެ ބުޑު ސިމްންތިން ހަދައި އިސްކުރެއް ލައި ދެވޭނެ އެވެ.

4، އިތުރު ވަޅާއި ފާޚާނާ އާބެހޭ ތަފްސީލް:

އިތުރު ވަޅެއް ނުވަތަ ފާޚާނާއެއް އިތުރުކޮށް ދެވޭނީ ދޫކޮށްލާ ގޭގައި އެއް ވަޅާއި އެއް ފާޚާނާ އަށްވުރެ އިތުރަށް ހުރެއްޖެ ނަމަ އެހުރި ވަރަކަށެވެ. މިގޮތުން އިތުރުކޮށް ދެވޭ ފާޚާނާ ހުންނާނީ ދޫކޮށްލާ ގޭގައި ހަދާފައި ހުރި ދެވަނަ ފާޚާނާއައި އެއްފެންވަރަ ކަށެވެ.

5، ކޮޓަރިތައް ހަމަޖައްސާނެ ގޮތާބެހޭ ތަފްސީލް:

މި މަޝްރޫއުގެ ދަށުން އަޅައިދޭ ގޭގެ ކޮޓަރިތައް ހަމަޖައްސާނީ ދޫކޮށްލާ ގޭގެ ބިންގާއެޅިފައި ހުރި ގޮތަށް ބެލުމަށް ފަހު، ކޮޓަރިތައް ހެދިފައި ހުރި ސައިޒުން، 12×12 ފޫޓުގެ ކިތައް ކޮޓަރި ނެގޭތޯ ބެލުމަށް ފަހު ގައެވެ. މިކަން ވަކި ގޮތަކަށް ކަނޑައަޅައި ގޭގެ ކޮޓަރިތައް ހުންނާނެ އަދަދެއް ކަނޑައަޅާ ހަމަޖައްސާނީ، ސިޑުން އިސް ބޭފުޅަކު އެރަށަށް ވަޑައިގެން ގޭގެ ވެރިފަރާތުގެ ހާޒިރުގަޔާއި އަތޮޅު ވެރިޔާ ނުވަތަ އަތޮޅު އޮފީހުގެ އިސް ބޭފުޅެއްގެ ހާޒިރުގައެވެ. މި ބައްދަލު ވުމުގައި އެއްބަސް ވެވުނުގޮތް ލިޔެ، ސިޑުންނާއި ގޭގެ ވެރިފަރާތާ ދެމެދު އެއްބަސް ވުމެއްގައި ސޮއިކުރެވޭ ވޭނެއެވެ. އަލަށް އަޅައިދޭ ގެ އިމާރާތް ކުރެވޭނީ މި ސޮއި ކުރެވުނު އެއްބަސް ވުމާ އެއްގޮތަށެވެ.

6، ދޫކޮށްލާ ގެ އަށް ބަދަލު ދިނުމާ ބެހޭ ތަފްސީލް:

މި މަޝްރޫއުގެ ދަށުން ގެ އަޅައިދޭ އިރު ދޫކޮށްލާ ގޭގެ ޝަރުއީ ބަދަލަށް ކޯޓުން ހަމަޖައްސާ ފައިސާއަކީ، ގޭގެ ވެރިފަރާތަށް ދޫކުރެވޭ ފައިސާއެއް ނޫނެވެ. އެހެނަސް ބަދަލުވާ ރަށުގައި އިމާރާތް ކޮށްދެވޭ ގެއަށް ބަދަލުވާ ދުވަހުން ފެށިގެން ދެވޭވަކި މުއްދަތެއްގެ ތެރޭގައި ރަށުގައި ހުރި ބާގެ ރޫޅާލައިގެން ގެންދިއުމަކީ ގޭގެ ވެރިފަރާތަށް ދޫކޮށްލެވޭނެ އިޚްތިޔާރެކެވެ. އެ މުއްދަތުގައި ދޫކޮށްލާ ގެ ރޫޅާލައިގެން ނުގެންގޮސްފި ނަމަ، ބަލާނީ ދޫކޮށްލި އެއްޗެއްގެ ގޮތުގައެވެ. ގޭގެ ބަދަލަށް ޝަރީއަތުން ލައްވާ ފައިސާ ބޭނުން ކުރެވޭނީ މިޔުނިޓުން އަލަށް އަޅައިދޭ ގެ އިމާރާތް ކުރުމަށެވެ. މިފައިސާ އަތަށް ނުލިބޭ ކަމުގައި ވިޔަސް އަމިއްލަ ރުއްގަހަށް ޝަރީއަތުން ލައްވާ ފައިސާއަކީ އާ ގެއަށް ދިރިއުޅުން ބަދަލު ކުރުމާއެކު ނަގުދުން ލިބޭނެ ފައިސާ އެކެވެ.

7، ގޯތި ތެރޭގައި ގެ އާއި ވަކިން ހުންނަ ތަންތަނާ ބެހޭ ތަފްސީޅް:

މި މަޝްރޫއުގެ ދަށުން ގެ އަޅައިދޭ އިރު ދޫކޮށްލާ ގެ އައި ވަކިން ރާނާއި އުވަ ނުވަތަ ސިމެންތި ޖަހައިގެން ހަދާފައި ހުންނަ ފިހާރަ، ބަޑަހަގެ، އަދި މަސްކަނޑާ ފަދަ ތަންތަން ވެސް އެތަނެއް ހަދާފައި ހުރި ގޮތަކަށް އާ ގެއާ އެކު އެގޭގެ ގޯތި ތެރޭގައި އިމާރާތްކޮށް ދެވޭނެއެވެ. މިފަދަ ތަންތަން ހަދައި ދެވޭނީ އެތަނެއް ހަދާފައި ހުރި ފެންވަރަކަށެވެ.

  1. އިތުރު ތަފްސީލް:

މި މަޝްރޫއުގެ ދަށުން އަޅައިދޭ ގެ ހުންނާނީ ކޮންކްރީޓް ފައުންޑޭޝަން އަޅައިގެން ރާނައިދީ ސީލިންކޮށް ދިޔަދޮވި ހަރުކޮށް ދެވިފައެވެ. އަދި ކުލައާއި ދަވާދުލައިދީ އިންފާރު ވެސް، 6 ފޫޓު އުސް މިނަށް ރާނައިދީ ދެފަރާތުގައި ސިމެންތި ޖަހައިދީ ހަދައިދެވިފައެވެ. އަދި ކޮންމެ ގެއެއްގައި އެއް ފާޚާނާ ހުންނާނީ ތަށިމުށި ޖަހައިދީ ހުރިހާ ކަމެއް ފުރުހަމަކޮށް ދެވިފައެވެ.

ފަހެ، އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް އަޅައިދެއްވާ ގޭގެ ފެންވަރު މިޒަމާނުގެ ދިރިއުޅުމުގެ ފެންވަރަށް ބަލައި އަސާސީ ޚިދުމަތްތައް އެކުލެވޭ ގޮތަށް ހަމަޖައްސަވައި ދެއްވާފައި އެވަނީ އެފަރާތްތަކަށް ސަރުކާރުން ވެދެއްވާ ބޮޑު އިނާޔަތެއްގެ ގޮތުގައެވެ.

މި ދެންނެވި ފެންވަރަށް އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންގެ ގެ އަޅައި ދެއްވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައި ދެއްވުމާ ގުޅިގެން އެއްރަށުން އަނެއްރަށަށް މީހުން ބަދަލުކޮށް ދިނުމަށް ދަނީ އެކިރަށްރަށުން އެދެމުންނެވެ. މިގޮތުގެ މަތިން މިހާތަނަށް އެދިފައި ތިބި ރަށްތަކުގެ ތެރެއިން މީހުން ބަދަލު ކުރެއްވުމަށް ސަރުކާރުން ހަމަޖައްސަވާ ފައިވާ ރަށްތައް އެމީހުން ބަދަލުވާ ރަށާއި އަތޮޅު އެނގޭގޮތަށް ގެނެސްދޭ ނަމެވެ. މިއީ ތިންވަނަ މަރްހަލާގެ މަސައްކަތް އަމަލީގޮތުން ފެށުމެވެ.

ށ. އަތޮޅު:

1، ފިރުނބައިދޫ:

ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކުގައި ގެ އަޅައި ދިނުމުން، ށ. އަތޮޅު ފުނަދުވަށް ބަދަލުވާން ތައްޔާރަށް ތިބި ކަމަށް އެންމެ ފުރަތަމައިން ހުށަހެޅީ ފިރުނބައިދޫން ބައެކެވެ. ސިޑުން ހަމަޖައްސާ ފައިވާ އިނާޔަތްތަކާ އެކު ގެ އަޅައި ދިނުމުން ފުނަދުވަށް ބަދަލުވާން ތައްޔާރަށް ތިބިކަމާއި ވީހާ އަވަހަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް ދެއްވުން އެދި ފުރަތަމަ ބުރުގައި ފިރުނބައިދޫން ސިޓިލާފައި ވަނީ، 26 ގެ އަކުންނެވެ. ފިރުނބައިދޫ ގައި މުޅި ޖުމްލަ ހުރީ، 135 ގެ އެވެ. މި ދެންނެވި، 26 ގޭގެ އިތުރަށް އަދި، 20 ގެ އެއްގެ މީހުން ފުނަދުވަށް ބަދަލުކޮށް ދެއްވުމަށް އެދި ހުށަހަޅާފައި ވެއެވެ. ފިރުނބައިދޫން ފުނަދުވަށް ބަދަލުކޮށް ދިނުމަށް، އެދި މިހާތަނަށް ހުށަހަޅާފައިވާ މީހުންގެ ޖުމްލައަކީ، 46 ގެ އެވެ. ފުނަދުވަށް ބަދަލު ވުމާ މެދު، އަދި ގޮތެއް ނުނިންމާ ފިރުނބައިދޫ ގައި ތިބީ، 89 ގެ އެވެ.

ފިރުނބައިދޫން ފުނަދުވަށް ބަދަލުކޮށް ދެއްވުމަށް އެދި އެންމެ ފުރަތަމަ ހުށަހެޅި، 26 ގޭގެ މީހުންނަށް ފުނަދޫގައި ގެ އަޅައި ދިނުމުގެ މަސައްކަތް ބީލަމަށްލައި ވަކިފަރާތަކާ ހަވާލުކުރެވި ރަސްމީ ގޮތުން ގެ އަޅައިދިނުމުގެ  މަސައްކަތް ފުނަދޫގައި ފެށިފައި ވަނީ، 27 ޖޫން 1997 ވަނަ ދުވަހު ހަވީރު، 4:00 ގައެވެ. މިރަސްމީއްޔާތު ގައި އިސްކޮށް ހުރީ، އަޅުގަނޑެވެ.

ފަހެ، ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ނަމުގައި މި މަސައްކަތް ފެށި މިހާތަނަށް ވަނީ، 90% ގެ މަސައްކަތް ނިމި ފައެވެ. ކުރިޔަށް އޮތް ތިންމަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފިޔަވަހީގެ، 26 ގޭގެ މީހުން ފުނަދުވަށް ބަދަލުކޮށް ނިމޭވަރު ވާނެއެވެ. މި ފިޔަވަހީގެ މަސައްކަތް ނިމުމާ އެކު، ދެވަނަ ފިޔަވައްސަށް ތައްޔާރު ވެފައި ތިބި، 20 ގޭގެ މަސައްކަތް ފެށޭވަރު ވާނެއެވެ.

އާދެ! ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލު ކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ފެއްޓީ ހުޅުދުއްފާރު ޕްރޮޖެކްޓުން ލިބިފައިވާ ތަޖްރިބާ ތަކަށް ވިސްނުމަށް ފަހު، ފުރަތަމަ ވެސް ބަދަލު ދިނުމުގެ ހުރިހާ މަސައްކަތް ތަކެއް، ޝަރުއީކޯޓު މެދުވެރިކޮށް ޝަރީއަތުން ނިންމުމަށް ފަހުގައެވެ.

ފަހެ، ފިރުނބައިދޫ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ، 26 ގޭގެ މީހުންނަށް އެމީހުންގެ ގޯތިގެދޮރުގެ ބަދަލު ކަމަށް ޝަރީއަތުން ނިންމަވާ ހުކުމް ކުރައްވާފައި ވަނީ، 2,963,948.23 (ދެމިލިޔަން ނުވަސަތޭކަ ފަސްދޮޅަސް ތިންހާސް ނުވަސަތޭކަ ސާޅީސްއަށް ރުފިޔާ ތޭވީސްލާރި) އެވެ. އަދި މި މީހުންގެ އަމިއްލަ ރުއްގަހުގެ ބަދަލުކަމަށް ޝަރީއަތުން ނިންމަވާ ހުކުމް ކުރައްވާފައި ވަނީ، 283,315.68 (ދެލައްކަ އައްޑިހަ ތިންހާސް ތިންސަތޭކަ ފަނަރަ ރުފިޔާ ފަސްދޮޅަސް އަށް ލާރި) އެވެ.

މި ޕްރޮގްރާމްގެ ދަށުން އަލަށް އިމާރާތް ކޮށްދެވޭ ގޭގެ ތަޅުދަނޑިތަކާ ހަވާލުވާ ދުވަހުން ފެށިގެން ދެވޭ މުއްދަތެއްގެ ތެރޭގައި ފިރުނބައިދޫ ގައި ހުރި މުސްކުޅި ގެ ތަޅާލައިގެން ގެންދިއުމަކީ އެމީހެއްގެ އިޚްތިޔާރަށް ދޫކޮށް ލެވިފައިވާ ކަމެކެވެ. މިއީ ވެސް އެފަރާތްތަކަށް ސަރުކާރުން ވެދެއްވާ އިނާޔަތެކެވެ. އެދެވޭ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ، ސަރުކާރަށް ދޫކޮށްލާ ތަކެތިކަމަށް މިހާރުވެސް އެފަރާތް ތަކުން ވަނީ، އެއްބަސްވެ ސޮއިކޮށްފަ އެވެ.

މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ހަވާލުކުރެވިފައި ވަނީ އަމިއްލަ ފަރާތަކަށެވެ. މި ގެތައް އިމާރާތްކޮށް ދިނުމަށް އެފަރާތާއި ސިޑުއައި އެއްބަސް ވެވިފައި ވަނީ އެފަރާތުގެ އަމިއްލަ ތަކެތީގައި މުޅިން ނިންމައިދޭ ގޮތަށެވެ. މި ފިޔަވަހީގެ މަސައްކަތަށް ޚަރަދުވާނީ، 5,869,700.00 (ފަސް މިލިއަން އަށްސަތޭކަ ފަސްދޮޅަސް ނުވަހާސް ހަތްސަތޭކަ ރުފިޔާ) އެވެ.

ފަހެ، ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލުވާން ހަމަޖެހުމާ ގުޅިގެން ފުނަދޫގައި ސިއްހީމަރުކަޒު މިނީ ހޮސްޕިޓަލަކަށް މިނިސްޓްރީ އޮފް ހެލްތުން ހައްދަވައި ދެއްވިއެވެ. މި މަސައްކަތަށް ނުވަލައްކަ ރުފިޔާ ޚަރަދު ވެފައިވެ އެވެ. އަދި ސިޑުން ފޮނަދޫ ސްކޫލަށް، 4 ކްލާސްރޫމާއި އިސްޓޭޖްބައެއް ހިމެނޭ އިމާރާތަކާއި ވަކި، 2 ކްލާސްރޫމް ހިމެނޭ އިމާރާތަކާއި އޮފީސް ބަޔަކާއި ފާޚާނާ ބަރިއެއް ހިމެނޭ އިމާރާތަކާއި ވަޅާއި ފެންމުޑިއާއި، 3500 ލީޓަރުގެ ފެންތާނގީއެއް ހިމެނޭ ގޮތަށް އެމަސައްކަތް ނިންމުމަށް، 1,052,646.48 (އެއް މިލިޔަން ފަންސާސް ދެހާސް ހަސަތޭކަ ސާޅީސް ހަރުފިޔާ ސާޅީސް އަށްލާރު) ޚަރަދު ކުރައްވާފައި ވެއެވެ. އަދި ފުނަދޫގެ ކަރަންޓް ސިސްޓަމް ރަނގަޅު ކުރުމަށްޓަކައި، 22 ކިލޯވޯޓުގެ ދެ ޖެނެރޭޓަރާއި، 700.64 ގެ 42 ރޯލު ސަޕްލާ އާއި ތްރީވޭ، 3 މެއިންބޯޑު ހޯދައިދެވި މިހާރު އެއިން ޚިދުމަތް ލިބެމުން ދެއެވެ.

އަދި ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލު ކުރެއްވުމަށް ނިންމެވުމާ ގުޅިގެން ފުނަދޫގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލެވި މުޅި ރަށުގެ ބިން ހަމަ ގޮތުގައި ބޭނުން ކުރެވޭނެ ޗާޓެއް ވަނީ، 1997 ވަނަ އަހަރު ތެރޭގައި ކުރަހާ ނިމިފައެވެ. މި މަސައްކަތްކޮށް ދެއްވީ، ސިޑުގެ އެދުމަށް މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން އެންޑް ފަބްލިކް ވާކްސް އިންނެވެ. 1996 ގެ ނިޔަލަށް ފިރުނބައިދޫގެ އާބާދީ އަކީ، 728 މީހުންނެވެ.

2، މާކަނޑޫދޫ:

މާކަނޑޫދޫ އަކީ އެކަށީގެންވާ ބޮޑު ރަށެއް ކަމުގައި ވިޔަސް އެރަށުގައި ދިރިއުޅުމަށް ދަތިވާ ވަރަށް ބޮޑެތި މައްސަލަތައް ހުރި ރަށެކެވެ. މިގޮތުން މިދަންނަވާ ކަންތައްތަށް ފާހަގަކޮށް ލެވެއެވެ.

1، އެރަށުގައި އެއްގޮތަކަށް ވެސް ފަޅު ނެތުމުން އޮޑިދޯނި ފަހަރު ގެންގުޅުމާއި ލަފާފައިބާ އުޅުން ވަރަށް ދަށްޗެވެ.

2، އެރަށަކީ އާދަޔާ ޚިލާފަށް ގިރާރަށެއް ކަމުން މިހާރުވަނީ ސްކޫލް، ސަހަރާ ފަދަ ތަންތަން ވެސް ނުރައްކާވާ ހިސާބަށް ގޮސްފައެވެ.

3، ރަށުގެ ވަށައިގެންވާ، 120 ފޫޓު ފުޅާ ބުރެއްގެ ޖާގަ ފިޔަވައި ރަށުގައި ދެން ބާކީއޮތް ހުރިހާތަނަކީ ޗަސްބިން ނުވަތަ ކުޅިއެވެ. ރަށުން ގެދޮރު އަޅާނެބިން ވަނީ، މުޅިން ހުސްވެފައެވެ. އަދި ޗަސްބިން ހިއްކައިގެން ވެސް ވަރަށްގިނަ ގެ އަޅާފައި ވެއެވެ. އަދި ގިނަ ގޯތިތަކާއި މަގުތައް ވަނީ ފަސް އަޅައިގެން ހިއްކާފައެވެ.

4، ޗަސްބިން ހިއްކައިގެން ގެ އެޅުމުން ދިމާވާ އެކިއެކި މައްސަލަތައް ވަރަށް ގިނައެވެ. މިގޮތުން އެރަށުގެ ފެންވަޅުތަކުގެ ފެން ކަޅުކުލައިގައި ހުރުމާއި ނުބައިވަސް ދުވުން ހިމެނެއެވެ. އަދި ފާރުތައް ކަނޑައިގެން ދިއުމާއި މުޅިގެ އެއްކޮށް މަޑުމަޑުން ގެބުން ހިމެނެއެވެ.

5، ކިރިޔާވެސް ކަނޑުގެ ރާޅު ބޮޑުވެ ވިއްސާރަ ވާގޮތް ދިމާ ވެއްޖެ ނަމަ، އެދުވަސް ވަރެއްގައި އެރަށުގެ ގެތަކާއި ބަދިގެ ތަކުގައި ކައްކައިގެން ކައިބޮއި އުޅުމަށް ދަތިވާގޮތްވެ ގޭތެރެއާއި ބަދިގެ ތެރޭގައި އާދަޔާޚިލާފަށް ފެންބޮޑުވާ ގޮތް މެދުވެރި ވެއެވެ.

މާކަނޑޫދޫ އަކީ މީހުން ދިރިއުޅުމަށް ރަނގަޅު ރަށެއް ކަމުގައި ހެދުމަށްޓަކައި ވަރަށް ބޮޑު ޚަރަދެއް ހިނގާނެއެވެ. ރަސް ވަށައިގެން ރަނގަޅު ފެންވަރެއްގައި ތޮށިލައިގެން ނުގިރާ ގޮތަށް ހަދަން ޖެހެއެވެ. މި ތޮށިގަނޑު ޓެޓްރާޕޮޑް ބަހައްޓައިގެން ރަށްވަށައިގެން ރަނގަޅު ފެންވަރެއްގައި ތޮށިލައިގެން ނުގިރާގޮތަށް ހަދަން ޖެހެއެވެ. އަދި ރަށުގައި ގެ އަޅާނެ ބިން ހިއްކަން ޖެހެއެވެ. އަދި ރަށުގެ ބަނދަރު ހަދަންޖެހެ އެވެ. ބަނދަރު ހެދެން އަންނަނީ ކުޅިން ބައެއް ހިމަނައިގެން ކަނޑަށް ފޫވައްޓާލުމަށް ފަހު ޝީޓްޕައިލް  ކޮށް ގެންނެވެ. މި މަސައްކަތަށް ކުރެވުނު ދިރާސާ ރިޕޯޓުން ދައްކަނީ، މިހުރިހާ މަސައްކަތް ތަކަށް ގާތްގަނޑަކަށް، 178 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ޚަރަދު ކޮށްގެން މާކަނޑޫދޫ ތަރައްގީ ކުރުމަށް ވުރެ މިލަންދުވަށް ނުވަތަ ފުނަދުވަށް މާކަނޑޫދޫ މީހުން ބަދަލު ކުރެވިއްޖެ ނަމަ، މާ ޚަރަދުކުޑަ ވާނެއެވެ. މި ޚަރަދުގެ އިތުރަށް މާކަނޑޫދޫ މީހުން ނުބާލައި އެރަށް ތަރައްގީ ކުރުމުގައި ދިމާވެދާނެ ވަރަށް ބޮޑު ތިމާވެށީގެ މައްސަލައެއް ވެއެވެ. މާކަނޑޫދޫ އަކީ ދިވެހިރާއްޖޭގެ އެހެނިހެން ރަށްތަކައި ވަރަށް ބޮޑު ތަފާތު ރަށަކަށްވީ އިރު އެރަށުގައި އެފަދަ މަސައްކަތެއް ކޮށްފިނަމަ ރަށުގެ މާހައުލު މުޅިން ހަލާކު ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި އެރަށުގެ ކުޅި ކަނޑަށް ފޫވައްޓާލުމަކީ ހަމަ އެއްވެސް ހާލެއްގައި ކޮށްގެން ނުވާނެ ކަމެއްކަން ތިމާވެއްޓާ ބެހޭ ވަރަށްގިނަ ފަރާތްތަކުން ދެކެމުން ދެއެވެ.

ވީމާ މިކަންތައްތަކަށް ބަލާ ދިރާސާ ކުރުމުންލިބޭ ނަތީޖާއަކީ، ހަމަ މިހާރުވެސް މާކަނޑޫދޫ މީހުން އެދެމުން އަންނަ އެދުމުގެ މަތިން އެހެން ރަށަކަށް ބަދަލުކުރަން ވެއްޖެކަމެވެ.

ފަހެ، ތާރީޚީ ނަޒަރަކުން ލިޔުންތަކަށް ބަލާއިރު މާކަނޑޫދޫގެ ތިމާވެއްޓަށް ދިމާވެފައި ހުރި މައްސަލަތަކާ މެދު އެރަށުގެ ރައްޔިތުން ސުމުއްވުލް އަމީރު މުހަންމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރުން ސުރެ އެހެންރަށަކަށް ބަދަލުކޮށް ދެއްވުމަށް އެކިއެކި ސިފަސިފައިގައި ސަރުކާރުގެ ރަސްމީ ފަރާތްތަކުގައި ދަންނަވަމުން ދާކަން އެނގެން އެބަހުއްޓެވެ. މާކަނޑުދޫ އަކީ އެރަށުގެ މީހުން އެހެން ރަށަކަށް ބަދަލުވުމަށް އަދި މިއަދުގެ ސަރުކާރަށް ހުށަހެޅި އެންމެ ފުރަތަމަ ރަށެވެ.

އާދެ! ރާއްޖޭގައި ހުރި ދިރިއުޅެން ދަތި އަދި ދިރިއުޅުން ދަތި ވުމާއެކު މީސްކޮޅު މަދު ރަށްރަށުގެ ތެރެއިން ބައެއް ރަށްރަށުގެ މީހުން ދިރިއުޅެން ފަސޭހަ ރަށްރަށަށް ބަދަލުކޮށް ދިނުން އެދި ސަރުކާރަށް ހުށަހަޅަމުން ގެންދާ މައްސަލައާ ގުޅޭގޮތުން، 21 ޖެނުއަރީ 1992 ދުވަހު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައި ވެއެވެ.

ފަހެ، މި މައްސަލައާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި ދެއްކެވި ވާހަކަ ފުޅުގައި މިލަދުންމަޑުލު އުތުރުބުރީ މާކަނޑޫދޫއާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލު ކުރެވުނެވެ. އަދި އެރަށުގެ މީހުން ދިރިއުޅެން ފަސޭހަ ރަށަކަށް ބަދަލުވާން އެދިފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އެންވަޔަރަންމަންޓުން ބެއްލެވުމަށް ފަހު، ފޮނުއްވާފައިވާ ރިޕޯޓުގައި އެރަށު މީހުން ބަދަލު ކުރައްވަން އެންމެ ރަނގަޅު ރަށެއްކަމަށް ފެނިވަޑައި ގަންނަވަނީ، އެއަތޮޅު ފަރުކޮޅުފުނަދޫ ކަމަށް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ މެދު މުޅިން އެއްބަސް ވެވަޑައި ނުގެންނެވޭތީ، މާކަނޑޫދޫ މީހުން ބަދަލު ކުރައްވާނެ ރަށަކާ ބެހޭގޮތުން އިތުރަށް ބެއްލެވުމަށް ވަޒީރުންގެ މަޖްލީހުން މަޝަވަރާ ދެއްވުމާ ގުޅިގެން އޭރުގެ އެޓޮލްސް މިނިސްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމް މާކަނޑޫދޫ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، އަދި ރަށްކުރިއަރުވާ ކޮމެޓީއަށާއި ރަށުގެ ވެރިންނަށް އެކަންތައް އޮތްގޮތް ސާފުކޮށް ދެއްވުމާ ގުޅިގެން އެރަށުގެ ރައްޔިތުން ނިންމެވީ މިލަންދުވަށް ބަދަލުވާށެވެ.

މި މައްސަލަ މިގޮތަށް މާކަނޑޫދޫ މީހުން، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށް ހުށަހެޅުއްވުމުން އޭރު ނިންމެވީ މާކަނޑޫދޫ މީހުން މިލަންދުވަށް ބަދަލުވުމަށެވެ. މިގޮތުގެ މަތިން މިލަންދޫގެ ބިން ހެޔޮގޮތުގައި ބޭނުންކުރާނެ ޗާޓެއް ކުރަހައި އެރަށުގެ މަސައްކަތްތައް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ފެއްޓެވިއެވެ. މިހާ ހިސާބަށް އެމަސައްކަތް ގޮސްފައި ވަނިކޮށް މިނިސްޓަރު އިލްޔާސަށް ޖެހުނު ސިޔާސީ ކުންޏެއްގައި ފުރާވަޑައި ގަތުމުން އެމަޝްރޫއު ކުރިޔަށް ގެންދެވީ އަލަށް އެޓޮލްސް އަށް ވަޑައި ގެންނެވި މިނިސްޓަރ އޮނަރަބްލް އަބްދިއްރަޝީދު ހުސައިންގެ ބެއްލެވުމުގެ ދަށުން އަޅުގަނޑެވެ.

އާދެ! މިލަންދުވަށް މާކަނޑޫދޫ މީހުން ބަދަލު ކުރުމަށްޓަކައި މިލަންދޫ ޕްރޮޖެކްޓުގެ މަސައްކަތް ރަސްމީކޮށް ފެށުނީ، 13 މާޗް 1993 ގައެވެ.

މިލަންދޫއަކީ މާކަނޑޫދޫ ކައިރީގައި އޮންނަ ސައިޒުގެ ގޮތުން މާކަނޑޫދޫ އަށް ވުރެބޮޑު ވަރަށް ރީތި ފަޅެއް އޮތް ބިންގަނޑުމޮޅު ފަސްގަނޑު އެއްވަރު ރީތި ރަށެކެވެ. މިރަށުގައި މިހާރުވެސް ވަނީ މާކަނޑޫދޫ މީހުން މިރަށަށް ބަދަލު ކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް މިނިސްޜަރު އިލްޔާސް އިރު ކުރެވިފައެވެ. މިގޮތުން ބައެއްމަގު ކޮށާއި ސާފުކޮށް ބޮޑު ގުދަނަކާއި ކުޑަ ބަދިގެއެއް އަދި ކުޑަވަގުތީ އިންޖީނުގެ އެއް ހެދިފައި ވެއެވެ. އަދި ދާއިމީކޮށް ރަށުގައި މުވައްޒަފުން ބައިތިއްބައިގެން ރަށް ދަނީ ބަލަހައްޓަމުން ނެވެ. މިކަން ގެންދަނީ އެ ޕްރޮޖެކްޓުން މިނިސްޓްރީން ޚަރަދުކޮށް ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުން އަޅުގަނޑެވެ.

މާކަނޑޫދޫ މީހުން މިލަންދުވަށް ބަދަލުކޮށް މިލަންދޫ އަލުން އާބާދު ކުރުމުގެ ޚަރަދު:

މިލަންދުވަށް ހިނގާނެ ޚަރަދު ތަކުގައި ހިސާބު ހެދިފައި ވަނީ، ރ. ހުޅުދުއްފާރަށް ހިނގިޚަރަދު ތަކަށް ބަލާފައެވެ. ގޭގެއަށް ބަދަލު ދިނުމަށް ކަނޑައަޅާފައިވާ އަގަކީ މިހާރު އިދާރީގޮތުން އަގު ކުރެވިފައިވާ ވަރެވެ. އަމިއްލަ ރުއްގަހުގެ ބަދަލު ދިނުމަށް ކަނޑަ އެޅިފައިވާ އަގަކީ ވެސް މިހާރު އިދާރީގޮތުން އަގު ކުރެވިފައިވާ ވަރެވެ. އަދި އެއްވެސް ބަޔެއް ޝަރުއީގޮތުން ކޯޓު މެދުވެރި ވެގެން އަގު ކުރެވިފައެއް ނުވެއެވެ. އަދި މިލަންދޫގެ މަސައްކަތުގެ ކޮންސްޓްރަކްޝަން އަންދާސީ ހިސާބުތައް ހެދިފައި ވަނީ، މިނިސްޓްރީ އޮފް ކޮންޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްގެ ލަފާހޯދައި ގެން އެލަފާގެ ދަށުންނެވެ. މިކަމަށް ހިނގާނެ ކަމަށް ލަފާކުރެވޭ ޚަރަދުގެ މައިގަނޑު ހިސާބުތައް މި ދަންނަވަނީ އެވެ.

1، މަގުހެދުމާއި ރަށްސާފުކުރުން   3,000,000.00

2، ރަށް ހިންގުމުގެ ޚަރަދު (2 އަހަރު)   600,000.00

3، ގޭގެއަށް ބަދަލު ދިނުން (310 ގެއަށް މިހާރު އަގު ކުރެވިފައިވާ ވަރު)   16,815,005.00

4، ގޯތީގައިހުރި ރުއްގަހާއި ގޯތިން ބޭރުގައި ހުރި ރުއްގަހުގެ ބަދަލު ދިނުން (361 ފަރާތަށް މިހާރު އަގު ކުރެވިފައިވާ ވަރު) 3,581,883.73

5، ސްކޫލް އެޅުމަށް   2,100,000.00

6، ހެލްތު ސެންޓަރ އެޅުމަށް   1,100,000.00

7، އޮފީސް އެޅުމަށް   400,000.00

8، ކޯޓު އެޅުމަށް   250,000.00

9، މިސްކިތް އެޅުމަށް   400,000.00

10، ފާލަން އެޅުމަށް   90,000.00

11، ކަރަންޓް ސިސްޓަމަށް   5,915,000.00

*މުޅި ޖުމްލަ:   34,251,888.75

ފަހެ، މި މަސައްކަތުގެ ތެރެއިން، 1996 ވަނަ އަހަރުގެ ނިޔަލަށް މިލަންދޫގައި ކުރެވިފައި ހުރި މަސައްކަތް ތަކަކީ މިއެވެ.

1، ބައެއް މަގު ހަދާއި ސާފުކުރުމަށް   123,588.20

2، ސްކޫލް އިމާރާތް ކުރުމަށް   884,912.37

3، އޮފީހާއި ކޯޓު އިމާރާތް ކުރުމަށް   435,930.96

4، ފާލަމާއި ނެރުމަތި ސާފު ކުރުން   163,281.36

*މުޅި ޖުމްލަ:   1,607,712.89

އާދެ! 10 މެއި 1994 ދުވަހު މިލަންދޫން ވަނީ، 45 ގޯތި ދޫކުރެވިފައެވެ. މި، 45 ފަރާތަކީ މާކަނޑޫދޫން ގޯއްޗަށް އެދިފައި ތިބި މީހުންގެ ތެރެއިން މިލަންދޫން ގޯތި ދެއްވުމަށް އެދުނު ފަރާތްތަކެވެ. މުޅި މާކަނޑޫދޫން ދޫކުރެވިފައި ވަނީ، 414 ގޯއްޗެވެ. މީގެ ތެރެއިން، 310 ގޯއްޗަކީ، ބަދަލުގައި ގެ އަޅައިދޭން ޖެހޭ ގޯއްޗެވެ. އަދި މާކަނޑޫދޫ ގައި  އެރަށުގެ، 59 ފަރާތަކަށް ގޯތި ދޫކުރެވިފައި ވެއެވެ. މިގޯތި ތަކަކީ، ގެ ނާޅާ ހަމައެކަނި ބިންވަޅުގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައި ހުރި ގޯތި ތަކަކަށް ވާތީ، ބަދަލުގައި ގެ އަޅައި ދޭކަށް ނުޖެހެއެވެ. ބަދަލުގައި ގެ އަޅައިދޭން ނުޖެހޭ ގެވަޅު ތަކުގެ ގޮތުގައި ދޫކުރެވިފައި ހުރި ގޯތިތަކަށް ސިޑުން ހަމަޖައްސާފައިވާ ގޮތުގެ މަތިން ބަދަލުވާ ރަށުން އިނާޔަތެއްގެ ގޮތުގައި ލިބޭނީ، 6 ފޫޓު އުސްމިނަށް ދަނގަޑު ލައްވައިގެން ފައުންޑޭޝަން އަޅައި، 20 ފޫޓުން ތަނބުޖަހައި ގެން އެޅިގަލުން ރާނައި، އަދި ދެފަރާތުގައި ސިމެންތި ޖަހައި ދިނުމާއެކު އިމުގެ ވަށާފާރެވެ. މަގުމަތީ ފާރުގައި ދޮރެއް ބަހައްޓައިދީ ދޮރުފަތް ތަޅާއެކު ހަރުކޮށް މަތި ހިޔާކޮށް ދެވޭނެ އެވެ.

ފަހެ، 1997 ޖޫން ގައި ފިތުނބައިދޫ މީހުން ފުނަދުވަށް، ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު ބަދަލުކުރާ ގޮތަށް ހަމަޖެހި ފުނަދޫގައި އެ ޕްރޮޖެކްޓްގެ ގެތައް އިމާރާތް ކޮށްދޭން ފެށުމުން މާކަނޑޫދޫގެ ބަޔަކު ފުނަދުވަށް ބަދަލުކޮށް ދެއްވުމަށް ސިޑުގައި އެދެން ފަށައިފިއެވެ. އަނެއްބަޔަކު އެއްވެސް ރަށަކަށް މިހާރު ބަދަލުވާން ބޭނުން ނުވާކަމަށް ބުނެ މާކަނޑޫދޫ ތަރައްގީކޮށް ދިނުމަށް އެދި ހުށަހަޅަން ފަށައިފިއެވެ. އަނެއްބަޔަކު އެދެމުންދަނީ ކުރިން ވެސް އޮތްގޮތަށް މިލަންދުވަށް ބަދަލުކޮށް ދެއްވާފައި ފިރުންބައިދޫ މީހުންނަށް، ސިޑުން އެދެއްވާ އިނާޔަތްތަކާ އެކު މިލަންދޫގައި ގެތައް އަޅައި ދިނުމަށެވެ.

އާދެ! މާކަނޑޫދޫ މީހުންގެ ޚިޔާލު މިދެންނެވުނު ހެން ތަފާތުގޮތް ގޮތަށް ބަދަލުވެގެން ދިއުމުން ސަރުކާރުން ގަސްދު ކުރެއްވީ،  އެރަށުގެ ރައްޔިތުން އެންމެބޮޑަށް ރުހި ހިތްހަމަ ޖެހޭ ގޮތަކީ ކޮބައިތޯ ބެލުމަށް ދިރާސާތަކެއް ކުރުމަށެވެ. މިގޮތުގެ މަތިން، 18 ނޮވެމްބަރ 1996 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން މާކަނޑޫދުވަށް އަޅުގަނޑު އިސްކޮށް ހުރެގެން ވަފުދެއް ގޮވައިގެން ގޮސް، އެމީހުންގެ ޚިޔާލު ހޯދުނެވެ.

ފަހެ، މިވަފުދުގެ ރިޕޯޓުން ދެއްކި ނަތީޖާއަކީ އެވަގުތު އެރަށުގައި ތިބި، 589 ފަރާތަކައި ސުވާލު ކުރުމުން، ސިޑުގެ އިނާޔަތްތަކާ އެކު މިލަންދުވަށް ބަދަލުވާން އެދޭ، 451 މީހުންނާއި ފުނަދުވަށް ބަދަލުވާން އެދޭ، 131 މީހުންނާއި ވަކިގޮތަކަށް ޚިޔާލު ނުދޭ، 7 ފަރާތެއް ވާކަމަށެވެ. މިއީ މާކަނޑޫދޫ ހުސްކުރުމަށް ރައްޔިތުންގެ އެދުމާ އެކު ލިބިގެން ދިޔަ ވަރަށް ރަނގަޅު ފުރުސްތެކެވެ. މިނިސްޓަރ އަބްދުއްރަޝީދު ހުސައިންގެ ލަފާފުޅުގެ މަތިން، އަޅުގަނޑު ވަކިވަކިން ގޭގެޔަށް ހިނގައިގެން މި ވިސްނުން އެއީ ބުއްދިވެރި ވިސްނުމެއް ކަން ގޭގޭތިއްބެވި އަންހެން ކަނބަލުންނަށް ވިސްނައި ދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަތުރު ހަދައިގެން އެރަށަށް ގޮސް ހިންގަން ޖެހުނެވެ. އެރަށަކީ ގޭގޭގައި ފިރިހެނުން ވަރަށް ނޫޅޭ ރަށެކެވެ. ގިނަ ފިރިހެނުން ވަޑާމުގެ މަސައްކަތުގައި އުޅެމުންދަނީ ރިސޯޓުތައް ބިނާ ކުރުމުގެ  މަސައްކަތު ގައި ރަށުން ބޭރުގައެވެ. އެރަށުގައި، 15 ވަރަކަށް ދުވަހު މަޑުކޮށްގެން ހުންނަން ޖެހުނެވެ.

އާދެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓަރޭޝަނުން މިމައްސަލަ ހުށަހެޅުމާ ގުޅިގެން، މާކަނޑޫދޫ މީހުން ބަދަލު ކުރައްވާނެ ރަށެއް ހަމަޖެއްސެވުމުގެ މައްސަލަ، 4 މެއި 1997 ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމުން އެމައްސަލައާ މެދު، މަޝްވަރާ ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވަނީ، މާކަނޑޫދޫ މީހުން އެއަތޮޅު މިލަންދުވަށާއި ފުނަދުވަށް ބަދަލުކޮށް ދެއްވުމަށެވެ. އަދި ސަރުކާރުގެ ބަޖެޓުތަންދިން މިންވަރަކުން މިއަހަރުން ފެށިގެން މި މަސައްކަތް ކުރިޔަށް ގެންދެވުމަށް ވެސް، ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވެއެވެ.

މިގޮތަށް ނިންމެވީ މާކަނޑޫދޫ އަށް ދިމާވެފައިވާ ތިމާވެށީގެ ބޮޑެތި މައްސަލަ ތަކުގެ ސަބަބުން އެރަށުގައި ދިރިއުޅެން ދަތި ވެގެން އެހެން ރަށަކަށް ބަދަލުކޮށް ދެއްވުމަށް އެރަށުގެ މީހުން އެދުމާ ގުޅިގެން އެމީހުން އެދޭ ރަށަކަށް ބަދަލުކޮށް ދެއްވުމަށް ސަރުކާރުން ހަމަޖައްސަވައި، އަދި އެރަށުމީހުން އެދިފައިވާ ގޮތުގެ މަތިން މިލަންސުވަށް ބަދަލުކޮށް ދެއްވުމަށްޓަކައި ވަރަށްގިނަ މަސައްކަތް ތަކެއް މިލަންދޫގައި ކުރައްވާހައި ވާތީއާ، އަދި މާކަނޑޫދޫ ބައެއް މީހުން އެއަތޮޅު ފުނަދުވަށް ބަދަލުވުމަށް އެދިފައި ވާތީއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެ މަތިން މާކަނޑޫދޫ މީހުންގެ ތެރެއިން މިލަންދުވަށް ބަދަލުވާން އެދޭ މީހުން މިލަންދުވަށް އަދި ފުނަދުވަށް ބަދަލުވާން އެދޭ މީހުން ފުނަދުވަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ފެއްޓެވުމަށް ޓަކައި މަޝްވަރާ ކުރުމަށް އަނެއްކާވެސް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ވަފުދެއް، 22 މެއި 1997 ގައި މާކަނޑޫދޫ އަށް ފޮނުއްވިއެވެ. އަދި މިނިސްޓްރީ އޮފް އެޓޮލްސް އެންޑް އެޑްމިނިސްޓްރޭޝަނު ގައި މާކަނޑުދޫ މީހުން އެމީހުން ބަދަލު ކުރުމާބެހޭ ހުރިހާ މަސައްކަތްތައް ރާވައި ހިންގުމަށް މަޝްވަރާކުރާ ކޮމެޓީއެއް އުފެއްދެވި އެވެ. މި ކޮމެޓީގައި މިނިސްޓަރުގެ އިތުރުން، 5 ބޭފުޅުން ތިއްބަވައެވެ.

ފަހެ، މާކަނޑޫދޫ ރައްޔިތުންނައި މަޝްވަރާ ކުރުމަށް އެރަށަށް ދިޔަ ވަފުދުގެ ރިޕޯޓުން ދައްކަނީ، މުޅި މާކަނޑޫދޫ ގައި، 414 ގޯތި ގޯތި ދޫކުރެވިފައިވާ ކަމަށެވެ. ބަދަލުދޭން ޖެހޭ، 310 ގެ ހުރިކަމަށެވެ. އަދި ބިންވަޅުގެ ގޮތުގައި ދޫކުރެއްވި، އެއްވެސް މަސައްކަތެއް ނުކޮށްހުރި މާކަނޑޫދޫގައި، 59 ގޯއްޗަކާއި މިލަންދޫގައި، 45 ގޯއްޗެއް ވާކަމަށެވެ.

އަދި ގޯތީގެ ވެރިންގެ ތެރެއިން ވަފުދުގެ ޓީމުން ސުވާލު ކުރެވިފައި ވަނީ، 317 ގޭގެ ވެރިންނާއެވެ. އޭގެ ތެރެއިން، 286 ގެ އެއްގެ މީހުން ބޭނުންވަނީ ފުނަދުވަށް ބަދަލުވާށެވެ. ދެންތިބި، 97 ފަރާތާ ވަނީ ރަށުގައި ނެތުމުގެ ސަބަބުން ސުވާލު ނުކުރެވިފަ އެވެ. ފުނަދުވަށް ދާންތިބި މީހުންގެ އަދަދު މިއަށް ވުރެވެސް ދަށަށް ދާނެ ކަމަށާއި ސުވާލު ނުކުރެވި ތިބި ގޭގެ އެންމެން ވެސް ބަދަލު ވާނީ މިލަންދުވަށް ކަމަށް ލަފާކުރެވޭ ކަމުގައި ރިޕޯޓުގައި ފާހަގަ ކުރެވިފައި ވެއެވެ.

ފަހެ، މިރިޕޯޓަށް ބަލައިގެން މިހާރުވަނީ، މާކަނޑޫދޫން މިލަންދުވަށް ބަދަލުވާ މީހުންގެ ފުރަތަމަ ފިޔަވަހީގައި ހަމަޖައްސާނީ، 30 ގެއެއް ކަމަށް ނިންމާފަ އެވެ. އަދި މާކަނޑޫދޫން ފުނަދުވަށް ބަދަލުވާ މީހުންގެ ފުރަތަމަ ފިޔަވަހީގައި ހަމަޖައްސާނީ، 5 ގެ ކަމަށް ނިންމާފަ އެވެ. މި އަދަދަށް ގޭގެ ހޮވާފައި އެވަނީ، މިކަމަށް އެދިފައި ތިބި އެންމެންގެ މެދުގައި އެރަށުގައި ތިބެގެން ގުރުއަތު ލައިގެންނެވެ. މިހުރިހާ ކަމެއްގައި އިސްކޮށް އެރަށުގައި އަމަލީ މައިދާނުގައި މިމަސައްކަތް ހިންގުވަން އެންމެ އިސްކޮށް ގޮސްހުރީ އަޅުގަނޑެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް މާކަނޑޫދޫގެ އާބާދީއަކީ، 1759 މީހުންނެވެ.

ހދ. ހޮނޑައިދޫ:

މިހާރު ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު، މުޅިރަށް އެކުގައި ބަދަލުކޮށް ދިނުމަށް އެދި ހދ. އަތޮޅުން އެދިފައި ވަނީ، ހޮނޑައިދޫ އެކަންޏެވެ.

އާދެ! ޖޫން 1996 ގައި ފިރުނބައިދޫ މީހުން ފުނަދުވަށް ބަދަލުކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތް ރޭވެންފެށުމާ ގުޅިގެން ހޮނޑައިދޫން ހަނިމާދުވަށް ބަދަލުކޮށް ދިނުމަށް އެދި ސިޑުގައި އެރަށުގެ، 3 އާއިލާ އަކުން، 15 އެޕްރީލް 1996 ގައި އެދިފައިވެއެވެ. މިތިން ގޭގެ މީހުން ހަނިމާދުވަށް ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެއްވީ، 07 އޮކްޓޯބަރ 1996 ގައެވެ.

ފަހެ، މިތިން ގޭގެ މަސައްކަތް ހަނިމާދޫގައި ފަށައިގަތުމާ އެކު ހޮނޑައިދޫ ގައި، 30 ގެއެއްގައި ދިރިއުޅެމުންދާ އެންމެންވެސް ހަނިމާދުވަށް ބަދަކުކޮށް ދެއްވުމަށް އެދި ސިޑަށް ހުށަހަޅައިފި އެވެ. ކިކަން މިހާ ފަސޭހަކޮށް އެރަށުގެ ހުރިހާ ރައްޔިތުން ގަބޫލުކުރީ ފުނަދޫގައި އަދި މިލަންދޫގައި ސިޑުން އަޅައިދޭނެ ގެތަކުގެ ތަފްސީލްތައް ހާމަކޮށް އެކަން ރައްޔިތުންނަށް ކިޔައިދޭން ފެށުމުންނެވެ. މިކަންކުރުމަށް އަޅުގަނޑު ކުޑަފޮތެއް ސިޑުގެ ނަމުގައި ލިޔެ ޗާޕުކޮށްގެން ތައްޔާރުކޮށް އޮޅުން ފިލުވައިދީ ބަހަންފެށުމުން މިކަމަށް ޝައުގުވެރިކަން އިތުރުވެގެން ދިޔައެވެ.

ބަނޑޭރިގަނޑު

ބަނޑޭރިގަނޑު

ބަނޑޭރިގަނޑު

ބަނޑޭރިގަނޑު

ފަހެ، މިކަމާ ގުޅިގެން، 4 މެއި 1997 ދުވަހު ވަޒީރުންގެ މަޖިލީހަށް ހދ. ހޮނޑައިދޫ ރައްޔިތުން އެއަތޮޅު ހަނިމާދުވަށް ބަދަލު ކުރުމުގެ މައްސަލަ ހުށަހެޅި އެމައްސަލައާ މެދު ޗަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު، މީހުން ދިރިއުޅޭ ބިމުގެ ގޮތުން ތަނަވަސް، ދިރިއުޅެން ފަސޭހަ ރަށްރަށަށް މީސްކޮޅު މަދު ދިރިއުޅެން ދަތި ރަށްރަށުގެ މީހުން ބަދަލުވުމަކީ، ސަރުކާރުން ތަރުހީބު ދެއްވާ ކަމަކަށް ވާތީއާއި ހޮނޑައިދޫ އަކީ އެފަދަ ރަށަކަށް ވާތީ، ހޮނޑައިދޫ ރައްޔިތުން އެދޭ ގޮތުގެމަތިން އެރަށު މީހުން ތިލަދުނަމަތީ ދެކުނުބުރީ ހަނިމާދުވަށް ބަދަލުކޮށް ދެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވިއެވެ.

ވީމާ ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތުގެމަތިން ހޮނޑައިދޫ މީހުން ހަނިމާދުވަށް ބަދަލު ކުރުމުގެ މަސައްކަތް މިގެންދަނީ ސިޑުން ވަރަށް ބާރަށް ކުރިޔަށެވެ. މިހާތަނަށް އެޕްރޮޖެކްޓަށް ޚަރަދު ކުރެވިފައި ވަނީ، 69,013.50 (ފަސްދޮޅަސް ނުވަހާސް ތޭރަ ރުފިޔާ ފަންސާސް ލާރި) އެވެ. ﷲގެ އިރާދަފުޅާ އެކު ކުރިޔަށް އޮތް، 2 މަސް ދުވަހުގެ ތެރޭގައި ހަލުއިގޮތަކަށް މި ޕްރޮޖެކްޓުގެ މަސައްކަތް ހިންގާގޮތަށް މިހާރު ވަނީ ސިޑުން ރާވާއި ހަމަޖައްސާފަ އެވެ. މިރަށް އެކުގައި ވީހާ އަވަހަށް ހުސްކޮށް ލުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ. އަދި ވަރުގަދަ އަޒުމެކެވެ. 1996 ވަނަ އަހަރުގެ ނިޔަލަށް ހޮނޑައިދޫގެ އާބާދީއަކީ، 165 މީހުންނެވެ.

އާދެ! ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކުގައި މީހުން ބަދަލުކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށި ހިންގަމުން ދަނީ މަތީގައި މިދެންނެވުނު ތިން ރަށް ކަމުގައިވާ ށ. ފިރުނބައިދޫ މީހުން އެއަތޮޅު ފުނަދުވަށް ބަދަލުކުރުމުގެ މަސައްކަތާއި، ށ. މާކަނޑޫދޫ މީހުންގެ ތެރެއިން އެއަތޮޅު މިލަންދުވަށް ބަދަލުވާން އެދޭ މީހުން މިލަންދުވަށް، އަދި ފުނަދުވަށް ބަދަލުވާން އެދޭ މީހުން ފުނަދުވަށް ބަދަލުކުރުމުގެ މަސައްކަތާއި، ހދ. ހޮނަޑައިދޫ މީހުން އެއަތޮޅު ހަނިމާދުވަށް ބަދަލުކުރުމުގެ މަސައްކަތެވެ. ފަހެ، މިއީ މިނިސްޓަރ އަބްދުއް ރަޝީދު ހުސައިން އިސްނަންވައި އަޅުގަނޑުލައްވާ ކުރުވި ވަރަށް ފިރިހަމަ އެހާމެ އަވަހަށް ކުރެވުނު މަސައްކަތެވެ. މިމަސައްކަތުގެ ނަތީޖާއިން ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ދިރިއުޅެން އުނދަގޫ ތިންރަށެއް ފަޅުކުރެވުނެވެ. އެއީ ހޮނޑައިދޫ، ފިރުނބައިދޫ އަދި މާކަނޑޫދޫއެވެ. އެހެނަސް މިހުސްވި ރަށްރަށުގެ ބޭނުން ސަރުކާރުން ކުރެއްވީ، މިމަޝްރޫއު ރޭވުނު އިރު އަޅުގަނޑުމެން ވިސްނިގޮތާއި ޚިލާފަށް އެކިއެކި ސިޔާސީ ބޭނުންތައް ހޯދުމަށެވެ. ހޮނޑައިދޫ ދެއްވީ، އެމްޕީ ޖާބިރު (ލޮލީ) އަށެވެ. މާކަނޑޫދޫ ދެއްވީ އެމްޕީ އަހްމަދު ނާޒިމް (ޖަނގިޔާ) އަށެވެ. އަދި ވެސް މިރަށްރަށުން އެރަށްތައް ހުސްކުރަން ދިޔަ ޚަރަދު ދައުލަތަށް ވަތް ކަމެއް އަޅުގަނޑަށް ބެލިފައެއް ނެތެވެ. އަޅުގަނޑުމެން ރޭވީ ފަސް އަހަރު ތެރޭގައި އެކަމަށް ހިނގި ޚަރަދު ލިބޭގޮތަށް މިރަށްރަށް މިނިވަން ބިޑަށް ހުޅުވާލުމަށް އެދޭ ގޮތަށެވެ.

އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް އިމާރާތް ކޮށްދޭ ގެތަކަށް ހިނގާނެ ކަމަށް ލަފާކުރާ ޚަރަދު:

ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް ގެ އަޅައ ިދިނުމުގެ ގޮތުން ފުރަތަމަ ފަހަރު އިއުލާނު ކުރުމުން އެކި ކުންފުނިތަކުން އެގެތައް އަޅައިދޭން ހުށަހެޅި އަގުތައް ތިރީގައި އެވަނީއެވެ. ފުރަތަމަ ފިޔަވަހީގެ ގެ ތައް ބަހާލެވުނީ، 1 ކޮޓަރީގެ ގެ އާއި، 2 ކޮޓަރީގެ ގެ އާއި، 3 ކޮޓަރީގެ ގެ އާއި، 4 ކޮޓަރީގެ ގެ އައި، އަދި، 5 ކޮޓަރީގެ ގެ އަށެވެ.

ގެތައް

ގެތައް

ގެތައް

ގެތައް

ފަހެ، އެފިޔަވަހީގެ ގެ ތައް އިމާރަތްކޮށް ދިނުމަށް އެދި ޓެންޑަރަށް އިއުލާނު ކުރުމުން އެމަސައްކަތްކޮށް ދިނުމަށް އަންދާސީ ހިސާބު ހުށަހެޅި ކުންފުނިތަކާއި އެފަރާތްތަކުން އެކި ސައިޒުގެ ގެ ތައް އިމާރާޔްކޮށް ދިނުމަށް ހުށަހެޅި އަގު ތަކަކީ މިއެވެ.

ފަހެ، ތިރީގައި މިގެގެސްދެނީ އެ ކުންފުނިތަކާއި އެކި ސައިޒުގެ ގެތަކަށް އެކިކުންފުނިން ހުށަހެޅީ އަގުތަކުގެ ތަފްސީލެވެ:

1، ވިމްލާ ކޮންސްޓްރްކްޝަން ކުންފުނި

*އެއް ކޮޓަރީގެ ގެއަކަށް   236,254.12

*ދެ ކޮޓަރީގެ ގެއަކަށް:   276,970.49

*ތިން ކޮޓަރީގެ ގެއަކަށް:   324,500.53

*ހަތަރު ކޮޓަރީގެ ގެއަކަށް:   380,655,53

*ފަސް ކޮޓަރީގެ ގެއަކަށް:   345,760.53

2، އަލީ ވަހީދު ގ. ވަށްފުށި / މާލެ. އަމިއްލަ ގޮތުން

*އެއް ކޮޓަރީގެ ގެއަކަށް:  108,012.86

*ދެ ކޮޓަރީގެ ގެއަކަށް:   123,009.61

*ތިން ކޮޓަރީގެ ގެއަކަށް:  136,399.61

*ހަތަރު ކޮޓަރީގެ ގެއަކަށް:   130,509.41

*ފަސް ކޮޓަރީގެ ގެއަކަށް:  147,972.79

  1. ފެޝަން ވުޑް ވޯކްސް ކުންފުނި

*އެއް ކޮޓަރީގެ ގެއަކަށް:   244,827.40

*ދެ ކޮޓަރީގެ ގެއަކަށް:   123,009.61

*ތިން ކޮޓަރީގެ ގެއަކަށް:   329,848.25

*ހަތަރު ކޮޓަރީގެ ގެއަކަށް:   354,498.53

*ފަސް ކޮޓަރީގެ ގެއަކަށް:   404,862.30

4، ހަވާ ވުޑް ވޯކްސް ކޮންޓަރެކްޓާސް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:  247,764.76

*ދެ ކޮޓަރީގެ ގެއަކަށް:  292,330.73

*ތިން ކޮޓަރީގެ ގެއަކަށް:   355,078.13

*ހަތަރު ކޮޓަރީގެ ގެއަކަށް:   386,509.41

*ފަސް ކޮޓަރީގެ ގެއަކަށް:   434,105.90

5، އެމް އެމް އެމް ކޮންޓްރެކްޓިން އެންޑް ޓްރޭޑް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:   261,289.54

*ދެ ކޮޓަރީގެ ގެއަކަށް:   331,797.96

*ތިން ކޮޓަރީގެ ގެއަކަށް:   329,062.10

*ހަތަރު ކޮޓަރީގެ ގެއަކަށް:  436,268.67

*ފަސް ކޮޓަރީގެ ގެއަކަށް:   475,336.12

6، ލަކީހިޔާ ކޮންޓްރެކްޓިން އެންޑް ޓްރޭޑް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:   261,289.54

*ދެ ކޮޓަރީގެ ގެއަކަށް:   331,797.96

*ތިން ކޮޓަރީގެ ގެއަކަށް:   329,062.10

*ހަތަރު ކޮޓަރީގެ ގެއަކަށް:  410,675.97

*ފަސް ކޮޓަރީގެ ގެއަކަށް:   449,355.42

7، ރަޝީދު ކާޕެންޓްރީ ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:   193,062.00

*ދެ ކޮޓަރީގެ ގެއަކަށް:   228,063.00

*ތިން ކޮޓަރީގެ ގެއަކަށް:   180,000.00

*ހަތަރު ކޮޓަރީގެ ގެއަކަށް:  219,995.97

*ފަސް ކޮޓަރީގެ ގެއަކަށް:   306,794.00

8، ޕޮއިންޓް ޓްރޭޑިން ކޮންޕެނީ ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:   292,600.00

*ދެ ކޮޓަރީގެ ގެއަކަށް:   313,600.00

*ތިން ކޮޓަރީގެ ގެއަކަށް:   414,400.00

*ހަތަރު ކޮޓަރީގެ ގެއަކަށް:   435,480.00

*ފަސް ކޮޓަރީގެ ގެއަކަށް:   504,000.00

9، ކޮންޓިނެންޓަލް ކޮންސްޓްރަކްޝަން ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:   222,034.00

*ދެ ކޮޓަރީގެ ގެއަކަށް:   224,034.00

*ތިން ކޮޓަރީގެ ގެއަކަށް:   266,440.00

*ހަތަރު ކޮޓަރީގެ ގެއަކަށް:   310,846.00

*ފަސް ކޮޓަރީގެ ގެއަކަށް:   355,254.00

10، ޖައުޝާ ކޮންޓްރެކްޓިން މޯލްޑިވްސް ކުންފުނި.

*އެއް ކޮޓަރީގެ ގެއަކަށް:   180,965.00

*ދެ ކޮޓަރީގެ ގެއަކަށް:   229,809.00

*ތިން ކޮޓަރީގެ ގެއަކަށް:  281,540.00

*ހަތަރު ކޮޓަރީގެ ގެއަކަށް:   297,962.00

*ފަސް ކޮޓަރީގެ ގެއަކަށް:   345,963.00

ފަހެ، މިއަގުތަކަށް ބަލާއިރު ތަފާތު ބޮޑުވެފައި އަގުތައް މަތިކަމުން އެފަހަރު މަސައްކަތް ހަވާލުކުރީ އެންމެދަށް އަގު ހުށަހެޅި ފަރާތް ކަމުގައިވާ އަލްފާޟިލް އަލީ ވަހީދު ގ. ވަށްފުށި/މާލެ އާއެވެ. އަލީ ވަހީދުގެ އަގުތަކަށް ބަލާއި ދިރާސާ ކުރިއިރު އެއީ ވަރަށް ދަށް އަގެކެވެ. އެހެނަސް މިފެންވަރުގެ މަސައްކަތެއް ކުރެވޭނެކަމަށް ސިޑަށް ފެނިގެންނާއި އަދި އަލީވަހީދު ވެސް އެކަމަށް އެއްބަސް ވާތީ، މިއަގުތަށް ރަނގަޅުކަމަށް ނިންމައި ހަވާލުކުރީއެވެ. މިއަގުތަކަކީ ހަމަ އެކަނިގެއާއި ބަދިގޭގެ އިމާރަތްތައް ކޮށް ދިނުމުގެ އަގުތަކެވެ. ވަށާފާރާއި އިންފާރުތައް، އަދި ފާޚާނާހޮޅި ލައިން ނުހިމަނައެވެ.

ބިންސާފު ކުރުމާއި ވަށަފާރުލާއި މަގުމަތީ ދޮރާއްޓާއި ދޮރުފަތްލައިދީ ފާރުގައި ކުލަލާ ދޮރުގައި ދަވާދުލާ ފާޚާނާހޮޅި ލައިނުގެ އަގާއެކު މިއިން ގެ އަކަށް، 50 ހާސް ރުފިޔާ އިތުރަށް ޚަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެހެންވުމާ އެކު، ސިޑުން ނިންމާފައި ވަނީ، ސަރުކާރުން ދެއްވާ އިނާޔަތްތަކާ އެކު އެއްރަށުން އަނެއްރަށަށް ބަދަލުވާ މީހުންނަށް އަޅައިދޭ ކޮންމެ، 30 ގެ އަކަށް، 10.5 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަގު އަންދާޒާ ކޮށްފައި އެވަނީ ހުރިހާ މަސައްކަތެއް އެކުލެވޭ ގޮތަށް ހުރިހާކަމެއް ހިމަނާފަ އެވެ. 30 ގެ އިމާރާތްކޮށް ދިނުމުގެ މުއްދަތަކީ، 12 މަސް ދުވަހެވެ. މިމުއްދަތަށް އަލީ ވަހީދު ގ. ވަށްފުށި މިމަސައްކަތް ކޮށް ނިންމައި ދެއްވިއެވެ.

މި މަޝްރޫއު މިގޮތަށް ފެށުމާ ގުޅިގެން އެއްރަށުން އަނެއްރަށަށް ބަދަލުވުމަށް ގިނަބަޔަކު ވަރަށް ޝައުގުވެރި ވާކަން ފާހަގަ ކުރިއެވެ. އަދި ބަދަލުކޮށް ދިނުމަށް އެދި ހުށަހަޅަމުންދާ މީހުންވެސް ދަނީ ގިނަވަމުންނެވެ. އެހެނަސް މިނިސްޓްރީ އޮފް ޕްލޭނިންގެ ބޭފުޅުން މިގޮތަށް މިމަޝްރޫއު އިތުރަށް ކުރިޔަށް ގެންދިއުމާ މެދު ވަރަށް އިދިކޮޅު ހައްދަވައެވެ. އެބޭފުޅުން ބޭނުންވަނީ، ހައުސިން ސްކީމަކަށް ގެންގޮސް ފްލެޓާއި ރޯހައުސް ފަދަ ގޮތަކަށް ހިލޭ ނޫންގޮތަކަށް ގެ އަޅައިދިނުން ބަދަލު ކޮށްލާށެވެ. ކޮންމެހެން ރަށެއް ހުސްކުރުމަކީ އެބޭފުޅުންގެ ނަޒަރުގައި ބޭނުންތެރި ކަމެއް ނޫނެވެ. މިވަރުވެސް މިވީ އަޅުގަނޑު އެބައްދަލުވުން ތަކުގައި އިނދެގެން ގަދަޔަށް ބަހުސްކޮށް އެތައް ވާހަކަތަކެއް ދައްކައި ޖަދަލުކޮށް ހަދައި ގެންނެވެ. އަދި އެޓޮލްސް މިނިސްޓަރުގެ އެއްބާރު ލެއްވުން މިރަށްތައް ހުސްކޮށް ލުމުގައި ދެއްވައި ގެންނެވެ. ޝުކުރިއްޔާ!

Leave a Reply

Your email address will not be published. Required fields are marked *