އަދުގެ އިސްލާމީ ދުނިޔެ – ބާބު ދޭއް

ލިޔުނީ: އިލްޔާސް ޙުސައިން އިބްރާހީމް. 2014 ގައި
(ދެވަނަ ބައި ފެށުން)

ޢިބްރާނީންގެ ރަސްކަމުގެ ފަހުގެ ތާރީޚް:

ސުލައިމާނުގެފާނު އަވަހާރަ ވުމަށް ފަހު، 931 މކ. ބަނީ އިސްރާއީލުގެ ރަސްކަން ބައިވެ ދެބަޔަކަށް ބެހިގެން ދިޔައެވެ. އިސްރާއީލީ ދައްލަތުގެ އުތުރު ސަރަޙައްދު ވެގެން ދިޔައީ، ޢިބްރާނީ ރަސްކަމަށެވެ. އެއީ އިސްރާއީލެވެ. ދެވަނަ ބަޔަކީ، ދެކުނުގައި އޮތް ޖޫދާ ރަސްކަމެވެ. މިބައި ވުމުގެ މައިގަނޑު ސަބަބަކީ، ބަނީ އިސްރާއީލުގެ ބާރަ ދަރިކޮޅުގެ މެދުގައި އޮތް ޚިލާފުތަކެވެ. އޭގެތެރެއިން އެންމެބައިބޯ، އެންމެ ވަރުގަދަ ޤަބީލާ ކަމުގައިވާ، ޖޫދާ ޤަބީލާގެ މީހުންނައި އަނެއް، 11 ޖަމާޢަތާ ދެމެދުގައި އުފެދުނު ކޯޅުންތަކެވެ.

ޢިބްރާނީ ދައްލަތް ދެބަޔަށް ބައިވެގެންދިޔަ ދިއުމުގައި ޖޫދާގެ ނަންދެވުނު ބަޔަކީ، ޖޫދާ ޤަބީލާ މީހުންގެ ބާރުއޮތް ސަރަޙައްދެވެ. އިސްރާއީލަކީ އަނެއް، 11 ދަރިކޮޅުގެ ނުފޫޒާއި ބާރު ބޮޑަށް އޮތް ސަރަޙައްދެވެ. އެއްބަޔަކު ބުނާ ގޮތުގައި މިބާރަ ދަރިކޮޅުގެ ތެރެއިން ޔަހޫޒާގެ ދަރިކޮޅައި ބިންޔާމީންގެ ދަރިކޮޅު ފިޔަވާ އަނެއް، 10 ދަރިކޮޅަކީ، އިސްރާއީ ދައްލަތް ކަމަށެވެ.

ފަހެ، ދެކުނުގައި އުފެދުނީ، މުލޫކިއްޔަތުލް ޔަހޫޒާ (KINGDOM OF JUDAH) އެވެ. ޖެރޫސަލަމް (ޤުދުސް) އޮތީ މިބައިގައެވެ. މިބައިގެ އަހްލުވެރިންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ތިބީ، ބަނީ އިސްރާއީލުގެ ނަގާކިޔާ ދަރިކޮޅުގެ ގޮތުގައި އޮތް، ޔަހޫޒާ ދަރިކޮޅާއި ބިންޔާމީން (BENJAMIN) ގެ ދަރިކޮޅެވެ. ޖޫދާ (JUDAH) އަކީ، ޔަޢްޤޫބްގެފާނުގެ ހަތަރުވަނަ ބޭފުޅާއެވެ. ބިންޔާމީން އަކީ، ފިރިހެންބޭފުޅުންގެ ތެރެއިން، ބާރަ ވަނަ އަދި އެންމެހަގު ބޭފުޅާއެވެ. އަނެއްބަޔަކީ، މުލޫކިއްޔަތުލް އިސްރާއީލް (KIGDOM OF ISRAEL) އެވެ. އަނެއް، 10 ދަރިކޮޅަކީ، އުތުރު ސަރަޙައްދުގެ އަހްލު ވެރިންނެވެ.

ބަނީ އިސްރާއީލުގެ ދައްލަތް ދެބަޔަށް ބެހިގެން ދިއުމަށް ފަހު، ވެސް ފަލަސްޠީނުގެ އިރުމަތީންނާއި ހުޅަގު ފަރާތުން އެބައިމީހުންނާ ދެކޮޅަށް މެދުނުކެނޑި ދުޝްމަނުންގެ ޙަމަލާތައް ކުރިމަތި ވަމުން ދިޔައެވެ. ހުޅަގުން ޙަމަލާތައް ދެމުން ގެންދިޔައީ މިޞްރު މީހުންނެވެ. އިރުމަތީ ފަރާތުން ޙަމަލާތައް ދެމުން ގެންދިޔައީ އެކި ދުވަސްވަރު އެކި ޖަމާޢަތްތަކުގެ މީހުންނެވެ. ސުލައިމާނުގެފާނު އަވަހާރަވިތާ މާގިނަދުވަހެއް ނުވަނީސް ޖޫދާއާއި އިސްރާއީލު އާޝޫރީންގެ ބާރުގެ ދަށަށް ދިޔައެވެ. އާޝޫރީންނަކީ، މެސެޕޮޓޭމިއާ (މިހާރުގެ ޢިރާޤްގެ ބިން ދެކޯރު ދޭތެރޭގެ ބިން) ގައި އުފެދުނު ބާރުގަދަ އަދި ބިޔާ ވެރިކަމެކެވެ.

އާޝޫރީންގެ އެރުން:

އާދެ! 732 މކ. ގައި ޔަހޫޒާ ރަސްކަމުގެ ފަރާތުން އެޒަމާނުގައި ބޮޑުބާރުގެ ގޮތުގައި އޮތް އާޝޫރީން ނަށް ޖިޒީދޭން އެއްބަސްވެ، އިސްރާއީލު ރަސްކަމާ ދެކޮޅަށް އާޝޫރީންގެ އެހީއާއި މަދަދަށް އެދިގެން އެމީހުންގެ ދަށަށް ދިޔައީއެވެ. ނަތީޖާއަކަށް ވީ، އާޝޫރީންގެ ރަސްގެފާނު ތިޣްލާތް ޕިލާޝިރް ތިންވަނަ (TIGLATH-PILESER 3, 745 – 727 BC) އާއި އާޝޫރީންގެ ދެން ވަޑައިގެންނެވި ދެރަސްކަލުން ކަމުގައިވާ، ޝަލްމާންސަރ ފަހެއް (SHALMANESER 5, 727 – 722 BC) އާއި ސަރްގޫން ދޭއް (SARGON 2, 722 – 705 BC) މިބޭފުޅުންގެ ގަދަފަދަ ލަޝްކަރު ތަކައިގެން އިސްރާއީލީ ރަސްކަމަށް އަރައި އެދައްލަތް މުޅިން ސުންނާފަތި ކޮއްލީއެވެ. ހެސްކިޔާފަ ހަނގުރާމަކޮށް ހެދީއެވެ.

އެންމެ، 12 ވަރަކަށް އަހަރު ތެރޭގައި އާޝޫރީ ދައްލަތުން މުޅި އިސްރާއީލު ދައްލަތް އެކުގައި ހިފައި ފަތަޙަކޮށް، އެދައްލަތުގެ ސަރަޙައްދު ތަކުގައި ތިބި ބަނީ އިސްރާއީލު ދަރިކޮޅުތަކުގެ މީހުންގެ ތެރެއިން އެތައްބަޔަކު މަރާއި، އެތައްބަޔަކު ރަށުންނެރެ، މުޅި އެހިސާބުތަކުން ބަނީ އިސްރާއީލު މީހުންތައް ފަހާއި ރަށުން ބޭރަށް ޑިޕޯރޓްކޮށް ލީއެވެ. އާޝޫރީންގެ މި ފުތޫޙާތު ތެރޭގައި، އިސްރާއީލު ރަސްކަމުގައި ދިރިއުޅެމުން ގެންދިޔަ ބަނީ އިސްރާއީލުގެ، 10 ޤަބީލާއަށް ވީނުވީއެއް ނޭގި ގެއްލިގެން ދިޔައެވެ. އިބްރާނީންގެ ގާތުގައި މަޝްހޫރު ލޮސްޓް ޓްރައިބްސް އޮފް އިސްރާއީލް (LOST TRIBES OF ISRAEL) އަކީ، އާޝޫރީންގެ އަތުން، މިގެއްލިގެންދިޔަ، 10 ޤަބީލާއެވެ.

ފަހެ، މިދިހަ ޤަބީލާއަކީ، ޔަޢްޤޫބްގެފާނުގެ ފިރިހެން، 12 ބޭފުޅުންގެ ބާރަ ދަރިކޮޅެވެ. އެދަރިންގެ ދަރިކޮޅުތަކެވެ. ޔަޢްޤޫބްގެފާނަށް، ހަތަރު އަނބިކަނބަލުންގެ ފަރާތުން ފިރިހެން، 12 ބޭފުޅުނެނާއި އެއް އަންހެން ބޭފުޅަކު ލިބިވަޑައި ގަތެވެ. ފުރަތަމަ އަނބިކަމަނާ ކަމުގައިވާ، ލަޔާ (LEAH) އަށް، 7 ބޭފުޅުން ލިބިވަޑައި ގަތެވެ.

އެއީ 1. ރުބެން (REUBEN) އާއި 2. ސައިމަން (SIMEON) އާއި 3. ލެވީ (LEVI) އާއި 4. ޖޫދާ (JUDAH) އާއި 10. ޒެބުލޫން (ZEBULUN) އާއި 11. ދިނާ (DINAH) ލިބިވަޑައި ގަތެވެ. ދީނާ އަކީ، އަންހެން ދަރިކަލުން ނެވެ. ދެވަނަ އަނބިކަމަނާ ކަމުގައިވާ، ޒިލްފާ (ZILPA) އަށް، ދެ ބޭފުޅުން ލިބިވަޑައި ގަތެވެ.

އެއީ 7. ގޭޑް (GAD) އާއި 8. އާޝަރު (ASHER) އެވެ. ތިންވަނަ އަނބިކަމަނާ ކަމުގައިވާ، ބިލްހާ (BILHAH) އަށް، ދެ ބޭފުޅުން ލިބިވަޑައި ގަތެވެ.

އެއީ 5. ޑޭން (DAN) އާއި 6. ނެފްތާލީ (NAPHTALI) އެވެ. ހަތަރުވަނަ އަނބިކަމަނާ ކަމުގައިވާ، ރާޙީލް (RACHEL) އަށް، ދެ ބޭފުޅުން ލިބިވަޑައި ގަތެވެ.

އެއީ 12. ޔޫސުފް (JOSEPH) އާއި 13. ބިންޔާމީން (BENJAMIN) އެވެ. ނަންބަރު ޖަހާފައި އެވަނީ، ދަރިކަލުން ލިބިލެއްވި ތަރްތީބުން ނެވެ. ޝުމާރު ތަރްތީބުންނެއް ނޫނެވެ.

އިސްރާއީލީ ވެރިކަން އާޝޫރީންގެ ބާރުވެރި ޖައްބާރު ރަސްރަސްކަލުންގެ އަތްތަކުން ފަނާވެ ދިއުމަށް ފަހު، ޖޫދާ (ޔަހޫޒާ) ރަސްކަން އާޝޫރީންނަށް ޖިޒީ ދައްކާބައެއްގެ ގޮތުގައި ބާބިލީން އަރައި ޖޫދާ އެކުގައި ހިފަންދެން އޮތެވެ.

އާޝޫރީންގެ ބާރުގެ ދަށަށް ޢިބްރާނީ ރަސްކަން ދިއުމަށް ފަހު، ދެން އައި ދައްރުތަކުގައި އެބައިމީހުންގެ ދީނީ ޢަޤީދާވެސް ވަރަށް ބޮޑަށް ފާސިދުވެގެން ދިޔައެވެ. އެގޮތުން އެބައިމީހުންގެ ފައްޅިތަކުގައި، ﷲ ފިޔަވައި އާޝޫރީންގެ ކަލާނގެތަކަށް ވެސް އަޅުކަން ކުރެވެން ފެށުނެވެ. ﷲ އެބައިމީހުންގެ ގާތަށް އެތައް ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނެއް ފޮނުއްވި ނަމަވެސް އެމީހުންގެ ތެރެއިން މަދު ބަޔަކު ނޫނީ އެބޭކަލުންނަށް އީމާންވެ ތަބައެއް ނުވެއެވެ.

މިއީ ޚުދު ޢިބްރާނީންގެ ބައިބަލްއިން ވެސް ސާފުކޮށް އެނގެންއޮތް ޙަޤީޤަތެކެވެ. މިކަހަލަ ގޮތެއްގައި އަހަރުތައް ފާއިތުވެގެން ދިއުމަށް ފަހު، 721މކ. ގައި ޢާޝޫރީންގެ ލަޝްކަރުތައް ބަނީ އިސްރާއީލު މީހުންގެ ސަރަޙައްދަށް އަރައި އެސަރަޙައްދު މުޅިން ސުންނާފަތިކޮށް، ހަލާކުކޮށް ނިންމާލިއެވެ. އެރަސްކަމުގެ އެންމެން ގެއްލި އަދި ނެތި ދިޔައީއެވެ.

ފަހެ، އެއަށްފަހު، ބަނީ އިސްރާއީލު މީހުންގެ ބާރާއި ނުފޫޒު ކުޑަމިންވަރަކަށް ދެމިއޮތީ، އާޝޫރީންނަށް ޖިޒީދައްކަމުން ގެންދިޔަ ޖޫދާގައި އެކަންޏެވެ. އެހެނަސް ޖޫދާ ވެސް ދެމިއޮތީ އެންމެ ދެޤަރްނެއްހާ ދުވަހުއެވެ. އެއަށް ފަހު އިސްރާއީލު ދައްލަތްހެން މިދައްލަތް ވެސް ނެތި ދިޔައީއެވެ. ބާބިލީން އާޝޫރީންގެ ވެރިކަން ސުންނާފަތި ކޮށްލުމަށް ފަހު، ދެން ދިމާކުރީ ބަނީ އިސްރާއީލު މީހުން އުފެއްދި ޖޫދާ ރަސްކަމާއެވެ. އެހެންވެ މިހާހިސާބުން، ޢިބްރާނީ މީހުންގެ ޒަމާން، ފަލަސްޠީނުގައި ނިމިގެން ދިޔައީއެވެ.

ބާބިލީންގެ އެރުން:

އާޝޫރީންގެ ރަސްކަން (ASSYRIAN EMPIRE) ފުނޑުފުނޑުކޮށްލާއި ސުންނާފަތިކޮށް ލުމަށް ފަހު، 586 މކ. ގައި ބާބިލީންގެ ދެވަނަ ރަސްކަން (NEO-BABYLONIAN EMPIRE) ޤައިމު ވެގެން ދިޔައީ ފަލަސްޠީނުގަ އެވެ. ބާބިލީންގެ ޤަދީމީ ފުރަތަމަ ރަސްކަން ޤައިމް ވެފައިއޮތީ، 1892 މކ. ގައި ޢިރާޤު ގައެވެ. މިރަސްކަމަށް މުއައްރިޚުން ކިޔާ އުޅެނީ އޯލްޑް ބާބިލިއަން ޕީރިއަޑް (OLD-BABYLONIAN PERIOD) އެވެ.

އާދެ! ބާބިލީންގެ ވަރުގަދަ ރަސްކަލެއް ކަމުގައިބާ ބުޚްތަނައްޞަރް (BAKHATNASAR- NABUKUDURI USUR, 634 – 562 BC) ގެ ވަރުގަދަ ލަޝްކަރުން ޖޫދާ ރަސްކަން ކުރަމުން ގެންދިޔަ ޔަހޫޒާއަށް އަރައި އެދައްލަތް އެކުގައި ސުންނާފަތިކޮށް ލިއެވެ. އަދި ޖެރޫސަލަމް އެކުގައި ހިފުމަށް ފަހު، އެޝަހަރުގައި ސުލައިމާނުގެފާނު ބިނާކުރައްވާފައި ހުރި، މަޝްހޫރު މިސްކިތްކޮޅު “އަޤްޞާ މިސްކިތް” ތަޅާލައި ސުންނާފަތިކޮށް ލިއެވެ.

އެއަށް ފަހު، ޔަހޫޒާގެ ލީޑަރުންނާއެކު ޔަހޫޒާގެ އެތައްހާސް ރައްޔިތުންނެއް އަޅުންގެ ގޮތުގައި ބާބިލަށް ގެންދެވުނެވެ. ދެން ޔަހޫޒާ އޮތީ ބާބިލީންގެ އަޅުވެތިކަމުގެ ދަށުގައި ބާބިލީ ރަސްކަމުގެ ބައެއްގެ ގޮތުގައެވެ. މިއީ، ﷲ އެމީހުންގެ ނުކިޔަމަންތެރި ކަމުން ދެއްކެވި ސަޒާއެކެވެ.

އާދެ! މިއީ ޔަހޫދީންގެ މައްޗަށް ބުޚްތަނައްޞަރު ގަދަކުރެއްވުމެވެ. މިއީ، ﷲގެ ކޯފާއެކެވެ. ބުޚްތަނައްޞަރު އޭނާގެ ލަޝްކަރު އެއްކޮށް، ޔަހޫދީންނައި ދިމާކުރި ސަބަބަކީ ކަނޑައެޅިގެން ކޮންކަމަކާ ހެދިތޯ، ތާރީޚީ ފޮތްތަކުން އެނގޭކަށް ނެތެވެ. އެހެނަސް ހީވާގޮތަކީ، ފަލަސްޠީނުގެ އަޞްލު މީހުން ކަމުގައިވާ، އަދި އެބިމުގެ ޙަޤީޤީ އަހްލުވެރިން ކަމުގައިވާ ކަންޢާނީންނާއި އެހެނިހެން މުސްލިމް ދަރިކޮޅުތަކަށް ޔަހޫދީންގެ ފަރާތުން ލިބެމުންދިޔަ އަނިޔާތަކުގެ ސަބަބުން ކަމުގައި ވެދާނެއެވެ.

އަދި އެބައިމީހުން މާތްބިމުގައި ކުރަމުން ގެންދިޔަ ފަސާދައިގެ ބޮޑުކަމުން، ޔަހޫދީންގެ އަނިޔާވެރިކަމުން، ސަލާމަތްކޮށް ދިނުމަށް ބާބިލްގެ ރަސްގެފާނުގެ ކިބައިން ސިއްރުގޮތެއްގައި އެތަނުން ބަޔަކު އެދުނީ ކަމުގައި ވެސް ވެދާނެއެވެ. މޮޅަށްދެނެ ވޮޑިގަންނަވާނީ، ﷲ އެވެ!

ކޮންމެއަކަސް ބުޚްތަނައްޞަރު އެނާގެ ބިޔަ ލަޝްކަރު ގޮވައިގެންގޮސް ޔަހޫދީން ޤައިމްކޮށްގެން ތިބި ރަސްކަމާ ދިމާކުރިއެވެ. ޔަހޫދީ ރަސްކަން އޭރުއޮތީ، މަގުފުރެދިގެން އިންތިހާއަށް ގޮސްފައެވެ. އެހެންވުމުން، އެބައިމީހުންގެ މައްޗަށް، ﷲ ލިޔުއްވާފައި އޮތީ، ދެރަވުމާއި ނިކަމެތިވުމެވެ. ޛަލީލު ކުރެއްވުމެވެ.

ފަހެ، ބުޚްތަނައްޞަރު އޭނާގެ ބިޔަ ލަޝްކަރު ގޮވައިގެން ބައިތުލް މަޤްދިސް އަށް ވަދެ އެތަން ޚަރާބުކޮށް ސުންނާފަތި ކޮށް ޔަހޫދީންގެ ގޭގެއަށް ވަދެ އެމީހުން ވަކިވަކިން ހޯދައި ޤަތުލްކޮށް ހެދިއެވެ. މިގޮތުން އެބައިމީހުންގެ މައްޗަށް، ﷲގެ ވަޢީދު ބަސްފުޅުތައް ތައުރާތުގައި އައިސްފައިވާ ފަދައިން ފުރިހަމަ ވެގެން ދިޔައެވެ. އަދި ﷲ ޤުރުއާނުގައި ސޫރަތުލް އިސްރާގެ ހަތަރުވަނަ އާޔަތާއި ފަސްވަނަ އާޔަތުގައި ވެސް އެވަޢީދުގެ ބަސްފުޅުތައް ވަޙީކުރައްވާފައި ވެއެވެ.

“ތިމަން ﷲގެ ފޮތުގައި، ތަވުރާތުގައި ކަނޑައަޅުއްވައި، އިސްރާއީލުގެ ދަރިންނަށް ވަޙިކުރައްވައި އެންގެވީ މެވެ. ތިޔަބައިމީހުން ދެފަހަރެއްގެ މަތީން ބިމުގައި (އެބަހީ، ޝާމުކަރައިގެ ބިމުގައި ނުވަތަ ފަލަސްޠީނުގައި) ފަސާދަކޮށް އުޅޭނޫއެވެ. އަދި ބޮޑުވެގެންވާ މަތިވެރި ވުމަކުން ތިޔަބައިމީހުން މަތިވެރި ވާނޫއެވެ. އެދެފަހަރުން ފުރަތަމަ ފަހަރަށް ކަނޑައެޅިގެންވާ ވަގުތުއައި ހިނދު، ގަދަފަދަ ވެގެންވާ ބާރެއްގެ ވެރި، ﷲގެ އަޅުންތަކެއް ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲ ފޮނުއްވީމެވެ.

ދެން އެބައިމީހުން، ރަށްތަކަށް އަރައި، ގެތަކުގެ މެދަށް ދާންދެން ވަދެ ހޯދައި އުޅުނޫއެވެ. (އެބަހީ) ދުޝްމިނުން ރަށުތެރެއަށް އަރައި، ގެތަކަށް ވަދެ ހޯދައި އާންމު މީހުންނެރެ ޤަތުލްކޮށް ހައްޔަރުކޮށް މުދައުތައް ފޭރި، ތަކެތި އަންދައި ސުންނާފަތިކޮށް އުޅުނެވެ. ކަންހިނގަނިވި، ވަޢްދެއް ކަމުގައި އެކަންތައް ވިއެވެ.”

ޢަޖައިބު ވާންޖެހޭ އެންމެބޮޑު ސަބަބަކީ، ﷲ އަށް އީމާންވެ ތެދުމަގުގައި ތިބޭމީހުންނައި ދިމާކުރުމުގެ ގޮތުން ޔަހޫދީންނަށް ލިބިފައިވާ ހިތްވަރާއި ކެރުމާހެދިއެވެ. އެމީހުންނަކީ، ތެދުމަގުގައި ތިއްބެވި ރަސޫލުންނާއި ނަބީން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. ޖެހިލުމެއް ނުވެއެވެ. ޔަހޫދީންނަށް އެއިން ބޭކަލަކު ފެނިއްޖެ ހިނދަކު މަރާލާއި ހަލާކުކޮށް ލައެވެ. ޔަހޫދީން ކުޅަ ނުލަފާކަންތަކުގެ ވާހަކަ، ﷲ ޤުރުއާނުގައި ވަޙީކުރައްވާ ފައި ވެއެވެ. ސޫރަތުން މާއިދާގެ، 70 ވަނަ އާޔަތް ބައްލަވާ ލައްވާށެވެ!

“ހަމަކަށަވަރުން ބަނީ އިސްރާއީލުންގެ، ކަށަވަރު ވެގެންވާ ޢަހްދު ތިމަން ﷲ ހިއްޕަވައި، އެބައިމީހުންގެ ގާތަށް ރަސޫލުންތަކެއް ތިމަން ﷲ ފޮނުއްވީމެވެ. އެބައިމީހުންގެ ހިތްތައްނޭދޭ ގޮތަކައިގެން، އެބައިމީހުންގެ ގާތަށް ރަސޫލަކު ވަޑައިގެންފި ކޮންމެ ހިނދެއްގައި، އެބައިމީހުން އޭގެތެރެއިން ބައެއް ރަސޫލުންގެ ބަސްފުޅު ދޮގު ކުރެއެވެ. އަދި، އެބައިމީހުން، އޭގެތެރެއިން ބައެއް ރަސޫލުން ޤަތްލު ކުރެއެވެ.”

އާދެ! މަޝްހޫރު ބާބިލީންގެ ލަޝްކަރުތައް ފަލަސްޠީނަށް އަރާއި ޤުދުސް ވަށާލުމަށް ފަހު، އެޙަމަލާގެ ނިމުން ވެގެންދިޔައީ ވަރަށް އަނިޔާވެރި ގޮތެއްގައި ބަނީ އިސްރާއީލު މީހުންގެ ވެރިކަމުގެ ނިމުމުގައި ސިއްކަ ޖެހުމަށެވެ. އަދި، މުޅި ފަލަސްޠީނު ބާބިލީންގެ ބާރުގެދަށަށް ގެނެވުނީއެވެ. އެއަށްފަހު، ބާބިލީން ބަނީ އިސްރާއީލު މީހުންގެ އިސްކޮށް ތިބި ޢާއިލާތަކާއި ނުފޫޒުގަދަ މީސްމީހުންގެ ޢައިލާތަކާއި އެތައްހާސް ބަޔަކު އަޅުންގެ ގޮތުގައި ބާބިލަށް ގެންދިޔައެވެ. މަދު ބަޔަކު މިޞްރަށް ފިލައިގެން ވެސް ދިޔައެވެ.

އޭރުން ފެށިގެން، 1918 ގައި ހިނގި ފުރަތަމަ ބޮޑު ހަނގުރާމައި ގައި ޖެނެރަލް އެލަންބީ ފަލަސްޠީނު ހިފުމަށް ދާންދެން، ދުވަހަކުވެސް ބަނީ އިސްރާއީލު މީހުންގެ ނުވަތަ ޔަހޫދީ ދައްލަތެއް ކަމަށް ބެލެވޭފަދަ ދައްލަތެއް ފަލަސްޠީނުގެ ބިމުގައި އުފެދިފައެއް ނެތެވެ. އެހެން ވުމުން ފަލަސްޠީން ގައި ޢިބްރާނީންގެ ދައްލަތެއް ޤައިމުގެ ދެމި އޮވެފައި ވަނީ، ވަރަށް މަދު އަހަރުތަކެއް ގައެވެ. ދައްލަތެއްގެ ސިފައިގައި ދެމި އޮތީ އެންމެ، 100 އަހަރުއެވެ.

ދެން އާޝޫރީންނަށް ޖިޒީ ދައްކައިކެން އިތުރު އަހަރުތަކަކަށް އުޅެވުނެވެ. ހަމަޤައިމު ވެސް ފާހަގަކޮއްލަން ޖެހެނީ، މުސްލިމުން ފަތަޙަކުރި ރަށްތަކުގައި މިއަށްވުރެ ގިނަ ދުވަހު މުސްލިމުންގެ ވެރިކަންތައް ޤައިމުވެ އޮތެވެ. އެހެންވުމުން މިއަދުގެ މުސްލިމުން، އެރަށް ތަކަކީ މުސްލިމުންގެ ތަންތަނޭ ކިޔާފަ، ޔަހޫދީން ފަލަސްޠީނަށް އެރިހެން އަރަންވީތޯއެވެ؟ މިއީ ހަމަ ކޮއްލަން ޖެހޭ ސުވާލެކެވެ!

އާދެ! ބަނީ އިސްރާއީލު މީހުން ބާބިލްގައި އުޅުމުން ގެންދިޔަ ދުވަސްވަރަކީ، އެބައިމީހުންގެ ތާރީޚްގައި ފާހަގަ ކުރެވޭ ދައްރެކެވެ. ކުރިން އެބައިމީހުން ވާހަކަދައްކައި އުޅުނުބަހަކީ، ކަންޢާނީންގެ ބަހުރުވައާއި މެސެޕޮޓޭމިއާއިން ފަލަސްޠީނަށް ކޯރު ހުރަސްކޮށް އެރި، ޢިބްރާނީ މީހުންގެ ބަހައި އެކުވެގެން، އުފެދިފައި އޮތް، ޢިބްރާނީ ބަހެވެ. ނަމަވެސް ބާބިލަށް އައުމަށް ފަހު، ފާއިތުވެގެން ދިޔަ އަހަރުތަކުގެ ތެރޭގައި އެބައިމީހުންގެ އާރާމީބަހުން (ARAMAIC LANGUAGE) ވާހަކަ ދައްކަން ފެށިއެވެ. އެއިރުއްސުރެ ޒަމާންތަކެއް ވަންދެން ޔަހޫދީން ވާހަކަ ދައްކައި އުޅުނު ބަހަކީ، އާރާމީ ބަހެވެ.

ޢީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވި އިރުވެސް ޔަހޫދީންގެ ބަހަކީ، އާރާމީ ބަހެވެ. އެހެނަސް ފަހުގެ ދައްރުތަކުގައި އެބައިމީހުން އަނެއްކާވެސް މުސްކުޅި ޢިބްރާނީ ބަހުން ވާހަކަ ދައްކަން ފެށީއެވެ. އެހެނަސް އަދިއަދާ ހަމައަށް ވެސް ޔަހޫދީންގެ ތެރޭގައި އާރާމީބަހުގެ ނުފޫޒު ގަދައަށް އޮވެއެވެ. އެގޮތުން މަރުވާ މީހުންގެ ޖަނަޒާގައި ކިޔާ ދުޢާ މިހާރުވެސް ކިޔަނީ، އާރާމީ ބަހުންނެވެ.

މިހުރިހާ ފަތަޙަތަކެއް ހިނގަމުން ދިޔަ އިރުވެސް ފަލަސްޠީންގެ އަޞްލުމީހުން އަބަދުވެސް އެތަނުގައި ޤައިމްވެ ދެމި ތިއްބެވެ. ދެން އައީ ފަލަސްޠީނަށް، 539 މކ. ގައި ފާރިސީންގެ އެރުމެވެ. އަދި، 331 މކ. ގައި ޔޫނާނީންގެ ލަޝްކަރު، އެލެގްޒެންޑަރ ދަގްރޭޓްގެ ޤިޔާދަތުގައި އެރުމެވެ. އަދި، 63 މކ. ގައި ރޫމީންގެ އެރުމެވެ.

ފާރިސީންގެ އެރުން:

ފާރިސީން ފަލަސްޠީނަށް އެރީ، 539 މކ. ގައި ބާބިލީންގެ އެންމެ ފަހު، ރަސްގެފާނު ނަބޫނައިދުސް (NABONIDUS (NABU-NAID) 556 – 539 BC) ގެ ލަޝްކަރު އޮޕިސް ހަނގުރާމަ (BATTKE OF OPIS) ކޮށް، ބާބިލް އާއި މޮސެޕޮޓާމިއާގެ ގިނަ ޝަހަރުތައް ފާރިސީ ރަސްކަމުގެ (ACHAEMEIND EMPIRE [PERSIAN EMPIRE], 550 – 330 BC) ގެ މަޝްހޫރު ގަދަފަދަ ޝެހެންޝާހު (KING OF KINGS) ޚުސްރޫ އަޢްޡަމް (CYRUS THE GREAT) ގެ ބިޔަ ލަޝްކަރު ތަކުން ފަތަޙަ ކުރުމަށް ފަހުގައެވެ. ބާބިލީން ލިވާންޓް އެކުގައި ފަތަޙަކުރިއެވެ.

މިފަތަހަ ތެރޭގައި ޤުދުސް އާއި ޔަހޫޒާގެ ބިން ވެސް ފަތަޙަ ކުރެއްވިއެވެ. އެއަށް ފަހު، ބާބިލީން ފަލަސްޠީނަށް އެރައި ބާބިލަށް އަޅުންގެ ގޮތުގައި އަރުވާލެވުނު، ޔަހޫދީން ނަށް އެނބުރި ޤުދުސްއަށް ހިޖްރަ ކުރުމުގެ ހުއްދަ ޝެހެންޝާހު ޚުސްރޫ ދެއްވިއެވެ. އަދި، އެމީހުންނަށް އުފަލާއި ތަނަވަސް ކަމުގައި ފަލަސްޠީނުގައި ދިރިއުޅެވޭނެ މަގު ފަހިކޮށް ދެއްވިއެވެ. މިހުއްދައިގެ ދަށުން ބާބިލުން ފަލަސްޠީނަށް ޔަހޫދީން ހިޖްރަކުރުމުގެ އާލިޔާ ތަކުގެ ދަތުރުތައް ފެށުނެވެ.

މިގޮތުން ބާބިލުން ފަލަސްޠީނަށް ހިޖްރަކުރި ފުރަތަމަ އޮއިވަރަކީ، ޝެޝްބައްޒާރު އާލިޔާ (SHESHBAZZAR’S ALIYAH) އެވެ. މިދަތުރުގައި ޒުވާން ޔަހޫދީންގެ ހާހަކަށް މީހުން ފަލަސްޠީނަށް އެރިއެވެ. ހިޖްރައިގެ ދެވަނަ އޮއިވަރު ޒެރުއްބާބެލް (ZERUBBABEL’S ALIYAH) ގައި 24 ހާސް ޔަހޫދީ ފިރިހެނުންނާއި، 12 ހާސް ޔަހޫދީ އަންހެނުންނާއި، 4 ހާހެއްވަރު ޔަހުދީ އެދުރުން (PRIESTS) ނާއި ފައްޅީގައި މަސައްކަތްކުރާ ހުރިހާ ދަރަޖައެއްގެ މީހުންނާއެކު ގާތްގަޑަކަށް ޖުމްލަ، 42 ހާހަށްވުރެ ގިނަ ޔަހޫދީން ފަލަސްޠީނަށް އެރިއެވެ. ޔަހޫދިންގެ ހިޖްރަކުރުމުގެ މިބުރަށް، ޔަހޫދީން ދީފައިވާ ނަމަކީ، ޒިއޮންއަށް އެނބުރި އައުން (THE RETURN TO ZION) މިނަމެވެ. މިއީ އަނބުރާ ޒިއޮންއަށް އައިސް ވަޒަންވެރި ވެވުނު ޔަހޫދީންނެވެ. މިމީހުންގެ ޙަރަކާތްތައް ޤުދުސްގައި ބަރާބަރަށް ކުރިޔަށް ގެންދިޔައެވެ. މަޑުންތިބީކީ ނޫނެވެ.

އާދެ! 516 މކ. ގައި ބާބިލީން ތަޅާ ސުންނާފަތިކޮށް ބިމާހަމަކޮށްލި ސުލައިމާނުގެފާނު ބިނާލުރެއްވި، މިސްކިތްކޮޅު ހުރިތަނުގައި އަލުން މިސްކިތެއް އެމީހުންގެ ބަހުންނަމަ، ހައިކަލްއެއް (SECOND TEMPLE) ދެވަނަ ފަހަރަށް ބިނާކުރީއެވެ. މިކަން ކުރުމަށް ހުއްދަދެއްވީ ފާރިސީންގެ އޭރުގެ ރަސްގެފާނު ދާރިއުސް އެކެއް “ދާރިއުސް ދަ ގްރޭޓް” (DARIUS THE GREAT [DARIUS 1], 550 – 486 BC) ދުވަސްވަރު ގައެވެ.

ފަހެ، ބާބިލުން ފަލަސްޠީނަށް، ޢިބްރާނީ ޔަހޫދީން ހިޖްރަކުރުމުގެ ތިންވަނަ އޮއިވަރު، 458 މކ. ގައި އިޒްރާއާލިޔާ (EZRA’S ALIYAH) ގެ ނަމުގައި އެރިއެވެ. އަދި، 4 ވަނަ ހިޖްރަކުރުމުގެ އޮއިވަރު، 445 މކ. ގައި ނެހީމިއާ އާލިޔާ (NEHEMIAH’S ALIYAH) ގެ ނަމުގައި ފަލަސްޠީނަށް އައިސް ވަޒަންވެރި ވިއެވެ. މިއީ ބާބިލުން ފަލަސްޠީނަށް އައި އެންމެފަހުގެ ހިޖްރަ ދަތުރެވެ. ނެހީމިޔާ ވެގެންދިޔައީ ފާރިސީ ރަސްގެފާނުގެ މޭޒުކޮޅުތަކަށް ބުއިންތައް އަރުވާ (CUP-BEARER) މީހާއަށެވެ. ރަސްގެފާނުގެ މާއަރިސް މީހަކަށެވެ. އަދި ފަހުން، ޖޫދާޝަހަރުގެ ގަވަރނަރުކަމަށް ޢައްޔަން ކުރެވުނެ. އަދި ޤަދީމީ ޤުދުސްގެ ވަށާލެވިފައިވާ ބޮޑުފާރު ހަލާކުވެފައި ވާތީ، މަރާމާތު ކުރުމުގެ މަސައްކަތް ވެސް ޙަވާލުކުރެވުނީ މީނާއާއެވެ.

މިދުވަސްވަރު އާދަޔާޚިލާފަށް ބާބިލުން ޖިހްރަކުރި ޔަހޫދިންގެ ނުފޫޒު ގަދަވެގެން ދިޔައެވެ. އެމީހުންގެ ހައިކަލްތަކުގައި އިސްވެ ނަގާކިޔަންފެށި އެވެ. އަދި، ޔަހޫދީންގެ ބޮޑު ބައްދަލުވުން (GREAT ASSEMBLY [GREAT SYNAGOGUE]) ބޭއްވިއެވެ. މިބައްދަލު ވުމުގައި، 120 ޔަހޫދިބޮޑުން ބައިވެރިވިއެވެ. މީގެތެރޭގައި އެމީހުންގެ އެދުރުންނާއި ރަސޫލުން ވެސް ތިއްބެވެ. މިކަން އިންތިހާއަށް ގޮސް، 350 މކ. ހިސާބުގައި ފާރިސީ ރަސްގެފާނު އިރްދުޝައިރު ތިނެއް (ARTAXERXES 3 [GREAT KING (SHAH) OF PERSIA], 425 – 338 BC) އާ ދެކޮޅުވެރިކަން ހާމަކޮށް ހަނގުރާމަ އަކާ ހިސާބަށް ކަންތައް ދިޔައެވެ. މިދެކޮޅު ހެދުމުގައި ބައިވެރިވި ހުރިހާ ޔަހޫދީންތައް، ކެސްޕިއަން ކަނޑުގެ (CASPIAN SEA) ގެ އައްސޭރި ފަށުގައިވާ، ހަރކެނިއާ (HYRCANIA) އަށް އަރުވާލެވުނެވެ. އެއި ކެސްޕިއަން ކަނޑުން މިހާރުގެ އީރާނަށް އައްސޭރިވާ ސަރަޙައްދެވެ.

އާދެ! ފާރިސީންގެ ދައްރުގައި ބަނީ އިސްރާއިލު މީހުން ނުވަތަ ޢިބްރާނީ ޔަހޫދީން، ޔަހޫޒާޝަހަރުގައި ދިރިއުޅުނީ އަމިއްލަ ދައްލަތެއްގެ ދަރަޖައިގައެއް ނޫނެވެ. ފާރިސީންގެ ބިޔަ ރަސްކަމުގެ ބައެއްގެ ގޮތުގައެވެ. ފަހެ، އެއިރުވެސް ކުރީއްސުރެން އެބިމުގައި ދިރިއުޅެމުން ގެންދިޔަ ކަންޢާނީންނާއި އާމޫރީންނާއި ޙިއްޠީންނާއި ފިލިސްތީން ޖަމާޢަތްތަކުގެ މީހުން، ނަސްލީގޮތުން މަޑުމަޑުން އެއްބަޔަކު އަނެއްބަޔަކައި ގުޅެމުން އެއް ޤައްމެއްގެ ސިފަ ޖެހެމުންއައި ބައެއްގެ ގޮތުގައި ޔަހޫޒާގައި އުޅެމުން ގެންދިޔައެވެ. މިއެންމެން ވެސް ތިބީ، ފާރިސީ ރަސްކަމުގެ ކިޔަމަންތެރި ރައްޔިތެއްގެ ގޮތުގައެވެ. ދެން ފަލަސްޠީނަށް އައީ ޔޫނާނީންގެ ދައްރެވެ.

ޔޫނާނީންގެ އެރުން:

ޔޫނާން (GREECE) ގެ މަޝްހޫރު، އިސްކަންދަރު މަޤްދޫނީ ނުވަތަ އެލެގްޒޭންޑަރ އޮފް މެސެޑޯނިއާ (ALEXANDER 3 OF MACEDON [ALEXANDER THE GREAT], 20 JUL 356 – 10-11 JUN 323 BC) އަކީ، 336 މކ. އިންފެށިގެން، 323 މކ. ގައި އަވަހާރަ ވަންދެން މެސެޑޯނިއާގެ ގަދަފަދަ ވެގެންވާ ރަސްގެފާނެވެ. އެރަސްގެފާނުގެ ފަތަޙަތައް މަދުދުވަސް ކޮޅެއްގައި ވަރަށް ގިނަކުރެއްވި އެވެ. ރަސްކަމުގެ ހަވަނަ އަހަރުގައި، ފާރިސްކަރައަށް އަރުއްވައި ފާރިސީންގެ އެންމެފަހު ރަސްގެފާނު ދާރިއުސް ތިނެއް (DARIUS 3, 380 – 330 BC)ގެ ލަޝްކަރު ބަލިކޮށް ފާރިސްކަރަ ފަތަޙަ ކުރެއްވިއެވެ. އަދި މިޞްރު ފަތަޙަ ކުރެއްވުމަށް ލަޝްކަރައިގެން ވަޑައިގެންނެވި މަގުމަތީގައި ޤުދުސް އާއި މުޅި ޔަހޫޒާވެސް ފަތަޙަ ކުރައްވައި މެސެޑޯނިއާ ރަސްކަމުގެ ގަވަރނަރުން އެތަންތަނަށް ހަމަޖެއްސެވިއެވެ. އަދި މިޞްރަށް އެރުއްވުމުގެ ކުރިން ޞޫރުޝަހަރު ވަށާ (SIEGE OF TYRE, 332 BC) ލެއްވިއެވެ. އެއީ އޭރު ފީނިޤީންގެ (PHOENICIA) މަޝްހޫރު އައްސޭރި ޝަހަރެކެވެ. އެއީ މިހާރުލެބްނާންގެ ރަށެކެވެ. ހަމަ މިއަހަރު މިޞްރު ވެސް ފަތަޙަ ކުރެއްވިއެވެ.

ފަހެ، ފާރިސީން ބަލިވުމުން، އަނަޓޯލިއާ (ANATOLIA) އާއި ސޫރިޔާ (SYRIA) އާއި ފިނީޤިއްޔާ (PHOENICIA) އާއި ޖޫދާ ނުވަތަ ޖޫދިޔާ (JUDAH [JUDEA]) އާއި ޣާޒާ (GAZA) އައި މެސެޕޮޓާމިއާ (MESOPOTAMIA) މިރަށްތައް އެލެގްޒޭންޑަރ ދަ ގްރޭޓްގެ ބާރުގެ ދަށަށް ދިޔައީއެވެ. މިފަތަޙައަށް ފަހު، އެބިމުގެ އަހްލުވެރިންގެ މަޤާމް ލިބިގެންދިޔައީ ހެލެނިސްޓިކް (HELLENISTIC) މެސެޑޯނިއަނުންނާއި ޔޫނާނީން ނަށެވެ. ނުވަތަ ގްރީކުންނަށެވެ.

އަދި ރަސްކަން އޭޝިއާއަށް ފުޅާވެ އިންޑިއާ ވެސް، 331 މކ. ގައި ފަތަޙަ ކުރެއްވިއެވެ. ޢަރަބިކަރައައި ހަމައަށް ނުދެވި އުޅެނިކޮށް ވަރަށް ޒުވާންކަމުގައި އެންމެ، 32 އަހަރުގައި އެލެގްޒޭންޑަރ ބާބިލްގައި މަރުވީއެވެ. ފަހެ، ހެލެނިސްޓިކް ޙަޟާރަތާއި ބޭޒަންތީން ރަސްކަން (BYZANTINE EMPIRE) ވުޖޫދު ވެގެންދިޔައީ ޔުނާނީ ޘަޤާފަތުގެ ތެރެއިންނެވެ. އަހަރުތަކެއް ވާންދެން ޔަހޫޒާގެ އަހްލުވެރިން ޔޫނާނީންގެ އަޅުވެތި ކަމުގައި، ވަރަށް ނިކަމެތި ޙާލުގައި އުޅުނެވެ.

އާދެ! ހެލެނިސްޓިން ރަސްކަމުގެ (HELLENISTIC KINGDOM, 323 – 63 BC) ދުވަސްވަރު ގުނެނީ، ޔޫނާނީ މެސެޑޯނިއާގެ ވަރުގަދަ ރަސްގެފާނު އެލެގްޒޭންޑަރ ދަ ގްރޭޓް އަވަހާރަ ވީއްސުރެ ހެލެނިސްޓިކް ރަސްކަން ނިމެންދެންނެވެ. ރޯމަނުންގެ ފެށުމާ ހަމައަށެވެ.

ފަހެ، މިދުވަސްވަރަކީ، ހެލެނިސްޓިކް ރަސްކަމުގެ ޒަމާނެވެ. އެއީ އެލެގްޒޭންޑަރގެ މަރުވުމާ ހަމައިން ފެށިގެން، ޙަޝްމޫނިއަން ރަސްކަން (HASMONEAN KINGDOM, 140 – 37 BC) ނިމެންދެނެވެ. ޔޫނާނީންގެ ދައްރު ކަމުގައި މިބެލެވެނީ، އެލެގްޒޭންޑަރގެ ދުވަސްވަރާއި ހެލެނިސްޓިކުންގެ ދުވަސްވަރާއި ޙަޝްމޫނީންގެ ދުވަސް ވަރަށެވެ. ހެލެނިސްޓިކް ރަސްކަމުގައި މިޞްރުގައި އޮތް، ޓޮލިމޭކް އެންޕަޔަރ (PTOEMAIC EMPIRE, 305 – 30 BC) އާއި ޤުދުސްގައި އޮތް، ސަލޫޤީންގެ އެންޕަޔަރ (SELEUCID EMPIRE, 312 – 63 BC) ހިމެނެއެވެ. ސަލޫޤިއްޔާ (SELEUCIA) އަކީ، ޢިރާޤްގައި އޮންނަ ދިޖްލަކޯރު އައްސޭރި ރަށެއް ކަމުގައިވާ، ސަލޫޤީން އުޅުނު ޝަހަރެވެ.

ފަހެ، އެލެގްޒޭންޑަރ ދަ ގްރޭޓްގެ ޖެނެރަލެއް ކަމުގައިވާ، ލެއޯމެޑޮން އޮފް މީޓިލެން (LAOMEDON OF MYTILENE) ސޫރިޔާގެ ގަވަރުނަރ އަކަށް ހުރެ އެލެގްޒޭންޑަރ މަރުވުމުން، ސޫރިޔާ އާއި ޤުދުސް، 323 މކ. ގައި، އޭނާގެ ލަޝްކަރުގެ ދަށަށް ގެނެސް ޤުދުސް އަތުލިއެވެ. އެހެނަސް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި ހެލެނިސްޓިކް ރަސްކަމުގެ ދަށުގައި މިޞްރުގައި އޮތް، ޓޮލިމޭކް ރަސްމަކުގެ (PTOLEMAIC KINGDOM, 305 – 30 BC) ރަސްގެފާނު، ޓޮލިމީ އެކެއް (PTOLEMY 1, SOTER 1, 367 – 283 BC) ގެ ލަޝްކަރުން ޤުދުސް ހިފިއެވެ. މިރަސްގެފާނު ރަސްކަމުގައި، 323 އިން ފެށިގެން، 283 މކ. އައި ހަމައަށް ހުންނެވިއެވެ.  އަދި އަމިއްލައަށް މިޞްރުގެ ފިރްޢައުނެއް ކަމުގެ ލަޤަބް ލިބިގަތެވެ.

އަދި، 320 މކ. ގައި ސޫރިޔާ އާއި ޤުދުސް އަށް، އެރަސްކަމުގެ މަޝްހޫރު މެސެޑޯނިއަން ޖެނެރަލެއް ކަމުގައިވާ، ނިކަނޫރު (NICANOR) ގެ ޤިޔާދަތުގެ ދަށުގައި ޢަސްކަރީ ލަޝްކަރުތައް ފޮނުވައިގެން ހަނގުރާމަކޮށް، ލެއޯމެންޑް އަތުލައިގަނެ ހިފައި ހައްޔަރުކޮށް، މިޞްރަށް ގެނެސް ޖަލަށް ލައި ހައްޔަރުގައި ބެހެއްޓިއެވެ.

މިހާ ހިސާބުން، މިޞްރީންގެ ޓޮލިމޭކް ރަސްކަމުގެ ދަށަށް ޤުދުސް ދިޔައެވެ. މުއައްރިޚުން، ޓޮލިމޭކް ރަސްކަމަށް ޢަރަބި ބަހުން، ދީފައިވާ ނަމަކީ، “އަލްމަމްލަކަތުލް ބަޠްލަމިއްޔާ” އެވެ. މިރަސްކަން ނިމުމަކަށް ގެނައީ، ރޯމަނުން މިޞްރަށް އަރައި ރަސްގެފާނު، ކިލޮޕަތްރާ ހަތެއް (CLEOPATRA 7 PHILOPATOR, 69 – 30 BC) މަރާލުމަށް ފަހު، މިޞްރު ހިފުމުންނެވެ. ކިލޮޕަތްރާ ހަތެއް، މިރަސްގެފާނަކީ، ޤަދީމީ މިޞްރުގެ އެންމެ ފަހުގެ ފިރްޢައުނެވެ. އިސްލާމީ ފަތަޙައައި ހަމައަށް، މިޞްރުގައި ޔޫނާނީ ހެލެނިސްޓިކް ޘަޤާފަތް ރޯމަނުން (ROMAN) ނާއި ބޭޒަންތީން (BYZANTINE) ދުވަސްވަރުގައި ވެސް ދެމި އޮތެވެ.

އާދެ! މެސެޑޯނިއާގެ ހެލެނިސްޓިކް ރަސްކަމުގެ އެލެގްޒޭންޑަރ ދަ ގްރޭޓްގެ ޖެނެރަލެއް ކަމުގައިވާ، އެންޓިގްނޭސް އެކެއް (ANTIGONUS 1 [MONOPHTHALMUS] “Antigonus the one eyed”, 382 – 301 BC) ޓޮލިމޭކް މިޞްރީންގެ އަތުން ސޫރިޔާ އާއި ޤުދުސް، ހަނގުރާމަކޮށް އަތުލިއެވެ. މިނާއަކީ އެއްލޮލުގެ އަހްލު ވެރިއެކެވެ. އެންޓިގްނޭސް ދަރިކޮޅުގެ ވެރިކަން، 306 އިން ފެށިގެން، 168 މކ. އަށް ދެމިއޮތެވެ.

އެހެނަސް، 312 މކ. ގައި އަނެއްކާވެސް ޓޮލިމޭކް މިޞްރީން އަނބުރާ ޤުދުސް ހިފީއެވެ. އެހެނަސް، އެންޓިގްނޭސް ލަޝްކަރުން ބާބިލް ހިފައި ބާބިލްގައި ސަލޫޤީ ރަސްކަމެއް (SELEUCID EMPIRE, 312 – 63 BC) ޤައިމް ކުރިއެވެ. އަދި، 200 މކ. ގައި ޤުދުސްޝަހަރު ސަލޫޤީ ރަސްކަމުގެ ދަށަށް އެކުގައި ދިޔައެވެ.

ނަބަޠީންގެ އެރުން:

މިލިޔިމުގެ އެތައް ތަނެއްގައި ފަލަސްޠީނުގެ އަޞްލު އަހްލުވެރިންނަކީ، ޢަރަބި މުސްލިމުން ކަމުގައި ދެންނެވިފައި ވާނެއެވެ. އަދުގެ ޢަރަބީންގެ ކާބަފައިން، ދާއުދުގެފާނާއި ސުލައިމާނުގެ ފާނުގެ ރަސްކަމުގެ ތަޚްތު ސާބިތުކޮށްދީ ވަރުގަދަކޮށް ދިނުމުގައި ވަރަށް އިސް ރޯލެއް އަދާކޮށްދީފައި ވެއެވެ. ފަލަސްޠީނުގެ ތާރީޚުގައި ވަރަށް އަލިގަދަކޮށް އޭރުގެ މުސްލިމުން އަދާކުރިރޯލް ފާހަގަ ކުރެވިފައި ވެއެވެ. އެދުވަސްވަރުގެ އެހެން ދައްލަތްތައް އަމިއްލަ މުސްތަޤިއްލުކަން މަތީގައި މިނިވަންކޮށް ދެމިއޮތް ފަދައިން، އިސްލާމްދީން އައުމުގެ ކުރިން، ޢަރަބި މުސްލިމުންގެ ދައުރަކީ ވެސް، ލާމަޘީލު ދައުރެކެވެ.

އެހެނަސް އެޒަމާނުގެ މުސްލިމުންގެ ޙަޟާރަތާއި ތާރީޚުލިޔުމުގައި އިސްލާމީ މުއައްރިޚުން އިހްމާލުވެފައި ވާތީ، ފަނޑުވެގެން ގޮސްފައި ވަނީއެވެ. ދުނިޔޭގައި ގިނައިން ލިޔެވިފައިހުރީ، މުސްލިމުން ނޫން މީސްމީހުންގެ ތާރީޚެވެ. މި ސަބަބާހުރެ ތަންތަނާ ބެހޭގޮތުން ލިޔެވިފައިހުރި ތާރީޚުގައި މުސްލިމުންގެ ބައިތައް ވަނީ، މަދުވެގެން ގޮސްފައެވެ.

ޙަޤީޤަތަކީ، ޔަހޫދީއެކިއެކި ދައްލަތްތައް ފަލަސްޠީނުގައި ދެމިގެންދިޔަ ފަދައިން، މުސްލިމުން ވެސް އެބިމުގައި ޒަމާނުއްސުރެ އަމިއްލަ ވަންތަކަމާއެކު ދެމިގެން އައިސްފައިވާ ކަމެވެ. މީގެ އެންމެގަދަފަދަ ހެއްކަކީ، ޢަރަބިކަރައިގެ ޢަރަބި މުސްލިމުންނާއި ޝާމްކަރައިގެ މުސްލިމުންނައި ދާއިމީ ގުޅުންތައް އޮތްކަމެވެ. އަދި ޢަރަބި ކަރައިގެ ޢަރަބި މުސްލިމުން ޝާމްކަރައިގައި ދައްލަތެއް ޤައިމުކުރި ކަމެވެ.

ފަހެ، އެކަން ފާޅުގައި ހިންގާފައި ވަނީ، އިސްލާމްދީން އައުމުގެ، 8 ޤަރުނު ކުރީގައެވެ. ފަލަސްޠީނުގައި މުސްތަޤިއްލު އަމިއްލަ މިނިވަން ދައްލަތެއް ޤައިމުކުރި ޢަރަބިންނަކީ، ޢަރަބިކަރައިގެ އުތުރުގައި ދިރިއުޅެމުން ގެންދިޔަ ޢަރަބި ދަރިލޮޅެއްގެ ބައެކެވެ. މިމީހުން ސޫރިޔާގެ ބިމުގައި އަލްބަތްރާ ޝަހަރުގައި ވެރިކަމެއް ޤައިމުކޮށް ބަތްރާއަކީ އެމީހުންގެ ވެރިރަށަށް ހެދިއެވެ. މިސަރަޙައްދުގައި ވަރުގަދަ ޙަޟާރަތެއް ބިނާކުރިއެވެ. މިދަރިކޮޅަށް ތާރީޚުގެ ޢިލްމުގައި ދެވިފައިވާ ނަމަކީ، ނަބަޠީން (NABATAEANS) ނެވެ.

އެމީހުން އުފެއްދި މުސްލިމް ދައްލަތުގެ ނަމަކީ، “އަލްމަމްލަކަތުން ނަބަޠިއްޔާ” (NABATAEAN KINGDOM, 168 – 106 BC) އެވެ. މިދައްލަތް ރަސްމީކޮށް އުފެދުމުގެ ކުރިން ވެސް މިދަރިކޮޅު މީހުންނައި ސޫރިޔާގެ އެސަރަޙައްދުގެ މީހުންނައި ގަދަފަދައަށް ގުޅުން އޮވެއެވެ. ގާތްގަނޑަކަށް، 312 މކ. ގައި ނަބަތީންނާއި ސޫރިޔާގެ ބަތްރާ (PETRA) ޝަހަރުގައި ސިޔާސީ ނުފޫޒު ޤައިމްކުރިއެވެ. އެޒަމާނުގައި ސޫރިޔާގައި ގަވަރުނަރަކަށް ހުރި އެއްލޮލުގެ އަހްލުވެރިޔާ، އެންޓިގްނޭސް އެކެއް (ANTIGONUS 1) ދެފަހަރެއްގެ މަތީން ނަބަޠީންނައި ހަނގުރާމައަށް ލަޝްކަރުތައް ފޮނުވިއެވެ.

އެހެނަސް ސޫރިޔާއިން ނަބަޠީން ބޭރުކޮށްލެވި ފައެއް ނެތެވެ. އެމީހުން އެބިމުގައި ދެމިތިބީއެވެ. ތަވުރާތުގައި ނަބަޠީންގެ ނަން ގަނެވިފައިވެއެވެ. ނަބާޠީންގެ ރަސްކަމުގެ ވެރިރަށަކީ، ބަތްރާއެވެ. މިހާރު މިރަށަކީ، ޖޯރަޑަންގެ މަޢާން ގަވަރނޭޓްގެ ރަށެކެވެ. މިރަށަކީ ނަބަޠީން ބިނާކުރި ރަށެކެވެ. ހިލަކަނޑައިގެން ޢިމާރަތް ކުރުމަށް ބޭނުންހިފާފައިވާ ވަރަށް ފަންނީ ޝަހަރެކެވެ. ޔުނެސްކޯއިން އާޘާރީރަށެއްގެ ގޮތުގައި ޙިމާޔަތް ކުރުމަށް އަންގާފައިވާ ޝަހަރެކެވެ. މިހާރުވެސް ޖޯޑަންއަށް ދަތުރުކުރާ ދަތުރުވެރިން އެންމެ ގިނައިން ޒިޔާރަޔްކުރާ ރަށަކީ މިއެވެ.

އާދެ! ޢަރަބި ނަބަޠީންނަކީ، “އަލްއަންބާޠުލް ޢަރަބް” މިނަމުން މަޝްހޫރުވި ބައެކެވެ. އިސްލާމީ މުއައްރިޚެއް ކަމުގައިވާ އިމާމުއްޠަބަރީގެ ތާރީޚްފޮތުގައި ލިޔުއްވާފައިވާ ގޮތުން ނަބާޠީންނަކީ، އަލްނަބީޠްގެ ދަރިކޮޅެވެ. މިއީ ނޫޙްގެފާނުގެ ދަރިކަލުން، ސާމްގެ ދަރިކަލުން، އިރަމްގެ ދަރިކަލުން، މާޝްގެ ދަރިކަލުން، ނަބީޠްގެ ދަރިކޮޅެވެ. ޢަރަބިކަރައިގެ މިދަރިކޮޅަކީ، ނޫޙްގެފާނަށް މުނިކާފަ ވިދާޅުވާ، މާޝްގެ ދަރިކޮޅެވެ. ތާރީޚުއްޠަބަރީގެ ފުރަތަމަ ޖިލްދު ބައްލަވާށެވެ.

ޔޫނާނުގެ ފަލްސަފާވެރި މުއައްރިޚެއް ކަމުގައިވާ، ސްޓްރަބޯ (STRABO, 64 or 63 BC – 24 AD) ލިޔުއްވާފައި ވަނީ، މިފަދައިންނެވެ.

“ނަބަޠީންނަކީ، ގަދަފަދަ މަސައްކަތްތެރި ބައެކެވެ. އާމްދަނީ ހޯދުމާއި ދިރިއުޅުމަށް ވަރަށް ކުޅެދިގެންވާ މުރާލި ރައްޔިތެކެވެ. އަދި ހުރިހާ މަސައްކަތެއް ތިޖާރަތާއި ޒިރާޢަތުގެ މައްޗަށް ބިނާކުރި، މަތިވެރި ވެގެންވާ ބައެކެވެ.”

ފަހެ، ނަބަޠީންނަކީ، މަތީ ދަރަޖައަކަށް ޤަދީމީ ޢަރަބިބަސް ރައްކާތެރި ކުރިބައެކެވެ. އަދި އެބަސް ލިޔެކިޔުމަށް ގެނައި ބައެކެވެ. ނަބަޠީން ބޭނުންކުރި ޢަރަބިބަސް، ލިޔެފައި ހުންނަގޮތުން އެންމެ ވައްތަރީ، ޢަރަބިލިޔާ ވައްތަރެއް ކަމުގައިވާ، ރުޤްޢާ ލިޔުމުގެ ވައްތަރަކާ އެވެ. މިބަހަށް ނަންދެވިފައި ވަނީ، ” އިސްލާމްދީން އައުމުގެ ކުރިން ނަބަޠީން ބޭނުންކުރި ރުޤްޢާ ލިޔުން” މިގޮތަށެވެ. މިވާހަކަ މިގޮތަށް “ދާއިރަތުލް އިސްލާމިއްޔާ” ގެ ތިންވަނަ ޖިލްދުގައި، މިމާނާގައި ގެންނަވާފައި ވެއެވެ.

ނަބަޠީންނަކީ، ޖަނަވާރު ހުއިހައްޕާއި ތިޖާރަތުގައި ވަރަށް ފުންނާބު އުސް ބައެކެވެ. މިމީހުންގެ ވެރިރަށް، ބަތްރާއަށް އެޒަމާނުގައި އިންތިހާ ދަރަޖައެއް ލިބިފައި ވަނީ، ޢަރަބި ޖަޒީރާއާއި މިޞްރާއި ސޫރިޔާ އާއި އަދި ވެސް އެހެން ތަންތަނާއެކު އޮތް ވިޔަފާރީގެ މުއްސަނދި ކަމުންނެވެ. މިސަބަބާހެދި ބަތަރާއަކީ، އެޒަމާނުގައި ވަރަށް ކުރިއެރި ތަނަކަށް ވިއެވެ.

އެންސައިކްލޯޕީޑިއާ އޮފް އިސްލާމް ގައި ބުނެފައި ވެއެވެ! “ޤަދީމީ ދުވަސް ވަރުންސުރެ، އިރުމަތީ ތިޖާރަތުގައި ނަބަޠީންނަކީ މުދާވެރިވެގެންދިޔަ ވަރަށް ސައުދާގަރު ބައެކެވެ. އެބައިމީހުންގެ ޤާފިލާތައް ޤަދީމީ ދުނިޔޭގެ ހުރިހާ ތަންކޮޅުތަކަށް ފޯރިއެވެ. ރޯމްކަރައަށް ވެސް ގޮސްހެދި އެވެ.”

މިއަދުވެސް ޖޯރޑަންގެ އެސަރަޙައްދު ފާހަގަކުރެވިފައި ވަނީ، މަތީދަރަޖައެއްގެ ޙަޟާރަތެއް ލިބިގެންވި ބަޔަކު ދިރިއުޅެފައިވާ ތަނެއްގެ ގޮތުގައެވެ. މިރޮނގުން އެތަނުގެ ޤަބުރުސްތާނު ތަކާއި އަޅުކަންކުރުމަށް ބިނާ ކުރެވިފައިހުރި ތަންތަނާއި ގަލުގެ ފާލަންތަކާއި ފެންދަތުރު ކުރުމުގެ ނިޒާމަށައި އެހެނިހެން ޢާއްމު މަސައްކަތް ތަކަށް ބަލާލުމުން އެކަން ފާހަގަވެގެން ދާނެއެވެ. ބަތްރާގެ ބޮޑެތި ބިނާތައް ކަނޑާނެގިފައި ހުންނަނީ ހިލަޔާއި ގަލުންނެވެ. އެޢިމާރަތް ތަކުގައި ރީތީކަނޑާނެގުންތައް ބިންވަޅު ނަގައިގެން ކުރަހާފައި ހުރެއެވެ.

ނަބަޠީންގެ ރަސްކަމުގެ ސަރަޙައްދު ދެމިގެން ދިޔައީ ސީނާ ސަޙަރާއިން ޢަރަބިކަރައައި ދޭތެރޭގައެވެ. އުރުތުން ޖޯރޑަން އަށާއި ފަލަސްޠީނަށެވެ. މިސަރަޙައްދު ގައި ހިނެމިގެން ދިޔަ ރަށްތަކަކީ، ބަޞްރާ (BOSRA) އާއި މަދައިންޞާލިޙް (MADAIN SALEH) އާއި ތަލްނިޒާނާ (NITZANA) އެވެ. އަދި ފަލަސްޠީނުގެ އިރުމަތީންނާއި ދެކުނުން ބަޔަކަށެވެ. އަދި ދެފަހަރެއްގެ މަތިން ދަމިޝްޤަށް އެރިއެވެ. ފުރަތަމަ ފަހަރު، 85 މކ. ގައެވެ. ދެން، 62 އާއި 34 މކ. ގައެވެ.

ނަބަޠީން ފުރަތަމަ ކޮޅުގައި ގުޅުނު ބަޔަކީ، ހެލެނިސްޓިކް ސަލޫޤީ އެންޕަޔަރގެ ދަށުގައި އޮތް މުކާބީން (MACCABEES) ގެ ދައްލަތާއެވެ. މުކާބީންނަކީ، ޖޫދިޔާގެ ކޮންޓުރޯލް ހޯދުމަށް ނުކުތް، ޔަހޫދީ ޢަސްކަރި ލީޑަރުންތަކެއްގެ ޖަމާއަތެކެވެ. ހަނގުރާމަވެރި ޔަހޫދީ ދަރިކޮޅެކެވެ. އެދުވަސްވަރު ޖޫދިޔާއޮތީ، ސަލޫޤީ އެންޕަޔަރ (SELEUCID EMPIRE) ގެ ދަށުގައި ސަލޫޤީ ޕްރޮވިންސެއްގެ ގޮތުގައެވެ.

ފަހެ، މުކާބީންނަކީ، ޙަޝްމޫނީން (HASMONEAN) ދަރިކޮޅުގެ އުފެދުމެވެ. ޔަހޫދީންގެ ޙަޝްމޫނީ މިދަރިކޮޅު (HASMONEAN KINGDOM, 140 – 63 BC) ގެ ރަސްރަސްކަލުން، 63 މކ. އައި ހަމައަށް ފަލަސްޠީނުގައި ރަސްކަން ކުރިއެވެ. ޔޫނާނީންގެ ހެލެނިޒަމާއި (HELLENISM) އާއި ހެލެނިސްޓިކް ޖުޑޭޒިއަމް (HELLENISTIC JUDAISM) ގެ ނުފޫޒާއި އަސަރުތައް ޖޫދިޔާއަށް ވެރިވުމަށް ފަހު، ޖޫދިޔާއިން އެއަސަރުތައް ދައްކުރުވި ބަޔަކީ މުކާބީންގެ ޙަޝްމޫނީންނެވެ.

ފަހެ، ޙަޝްމޫނީންނަކީ، ބަނީ ސުލައިމްގެ ޔަހޫދީ ވަންހައެކެވެ. މަޝްހޫރުވެފައި ވަނީ، ސުއްލާމީން “ސުއްލާމިއްޔީން” ގެ ގޮތުގައެވެ. މިއީ ރަސްކަލުންނަށް ކިޔާއުޅުނު ލަޤަބެކެވެ. މިގުޅުން ނަބަޠީންނައި ޤައިމުވެގެން ދިޔައީ ސަލޫޤީންނައި ހަނގުރާމަ ކުރުމަށެވެ.

އަދި ރޫމީންގެ ރަސްކަލެއް ކަމުގައިވާ، ޕޮންޕޭ ދަގްރޭޓް (POMPEY THE GREAT) ގެ ފަރާތުން އަންނަމުން ދިޔަ، ހަނގުރާމަވެރި ދުއްތުރާތަކާއި ސިޔާސީ އުނދަގޫތަކާއި އިޖްތިމާޢީ ހުރަސްތަކާ ގުޅިގެންނެވެ. ޕޮންޕޭއަކީ، (GNAEUS POMPEIUS MAGNUS, 29 SEP 106 – 29 SEP 48 BC) ރޯމަން ރިޕަބްލިކް (ROMAN REPUBLIC) ގެ ޢަސްކަރީ، އަދި ސިޔާސީ ވަރަށް ވަރުގަދަ ލީޑަރެކެވެ. ދިގު މުއްދަތަކަށް ރޫމީ ރަސްކަމުގެ ކޮންސުލް (CONSUL) ކަން ކުރެއްވި ވަރަށް ޤާބިލް ބޭފުޅެކެވެ.

ނަބަޠީންނާއި ޙަޝްމޫނީންގެ މިގުޅުމުގެ ސަބަބުން ސަލޫޤީންގެ ދަށުނުވެ، މިނިވަންކޮށް ތިބެވުނެވެ. ޙަޝްމޫނީންގެ މިދައުލަތް ނިމުމަކަށް ގެނައީ ރޯމަނުން އަރައެވެ.

އާދެ! މިގޮތުގެމަތީން ނަބަޠީން ފަލަސްޠީނުގައި، 200 މކ. އިން ފެށިގެން ހިނގި އަހަރުތަކުގައި ވަރުގަދަ ތިޖާރަތީ ބާރެއްގެ ގޮތުގައި ޔޫނާންއާއި ރޯމަނުންނާ އެކު ވިޔަފާރީގެ ގާތް ގުޅުމެއް އޮތެވެ. އަދި ފަލަސްޠީންގެ ދަރިކޮޅުތަކުގެ މައްޗަށް ގަދަނުފޫޒެއް ހިންގިއެވެ. ޖޫދިޔާ ކައިރީގައި އިންވެގެން އޮންނަ އިދޫމިއާ (IDUMEA) އަތުލިއެވެ. އިރުމަތީ ޖޯރޑަނުން ބަޔަކާއި ފަލަސްޠީނުން ބައެއްގައި ޤައިމުވެ ތިއްބެވެ.

ހެލެނިސްޓިކް ގްރީކުންގެ ގަދަ ޙަމަލާތައް ހެސްކިޔާފަ ދެމުންދިޔަ އިރުވެސް ނަބަޠީން އެސަރަޙައްދުން އެކުގައި ބޭރުކޮށްލެވޭ ގޮތެއް ނުވިއެވެ. އެހެނަސް ނަބަޠީން ދަމިޝްޤުން ބޭރުކޮށް ލިއެވެ. އެނޫން ސަރަޙައްދު ތަކުގައި ރޯމަނުންނަށް ޖިޒީ ދައްކައިގެން އެބިމުގައި ދެމިތިބީއެވެ. އެހެނަސް، ނަބަޠީންނަށް ޙަޝްމޫނީ ޔަހޫދީން އުނދަގޫތައް ހެސްކިޔާފަ އަބަދުވެސް ފޯރަމުން ދިޔައެވެ. ދާއިމީ ހަނގުރާމައެއް ގޮތުގައި މިއީ ދެމިގެންދިޔަ ފިނި ހަނގުރާމަ އެކެވެ. ޙަޝްމޫނީ ރަސްގެފާނު އެލެގްޒޭންޑަރ ޔަނައިސް (ALEXANDER JANNAES [JANNAI/YANNAI], 103 – 76 BC) ގެ ނުފޫޒުން ނަބަޠީން ޔަހޫދީ ދީނަށް ވެއްދޭތޯ ގިނަގުނަ މަސައްކަތް ތަކެއް ރާވައިގެން ހިންގިއެވެ. ފަހަކަށް އައިސް ނަބަޠީންނައި ވަރުގަދައަށް ހަނގުރާމަ ވެސް ކުރިއެވެ.

ނަބަޠީންގެ ދެރަސްކަލުން ކަމުގައިވާ، މާލިކޯސް އެކެއް (MALICHUS 1, 59 – 30 BC) އާއި ޢުބައިދާތް ތިނެއް (OBODAS 3, 30 – 9 BC) 37 އިން ފެށިގެން، 4 މކ. ގައި ޔަހޫޒާގައި ރަސްކަން ކުރެއްވި، ހިރޮޑް ދަ ގްރޭޓް (HEROD THE GREAT [HEROD 1], 74/73 – 4 BC) އައި ހަނގުރާމަ ކުރިއެވެ. އަދި ނަބަޠީންގެ އެހެން ރަސްކަލެއް ކަމުގައިވާ، ޙަރީޘަތް ހަތަރެއް (ARETAS 4) 6 މކ. އިން ފެށިގެން، 39 މ. ގައި ޔަހޫޒާގައި ރަސްކަން ކުރެއްވި، ހިރޮޑް އެންޓިޕާޓަރ (HEROD ANTIPARTER, 20 BC – 39 AD. “nickname, ANTIPAS”) ގެ މައްޗަށް ހަނގުރާމަކޮށް ނަޞްރާއި ފަތަޙަ ހޯދިއެވެ.

ފަހެ، މިދުވަސްވަރު ނަބަޠީން ގެންދިޔައީ ރޯމަނުންނައި ވަރަށް ގާތްގުޅުމެއް ބާއްވަމުންނެވެ. އަދި ޔަހޫދީންނައި ދެކޮޅަށް ރޯމަނުންނަށް އެހީތެރިވެ ދެމުންނެވެ. މިކަމާހެދި، ޔަހޫޒާގެ ޔަހޫދީންގެ ކިބައިން ނަބަޠީންނަށް ހުރަސްތަކާއި ނުރުހުންތައް ހެސްކިޔާފަ އޮހެމުން ދިޔައެވެ. މިދުވަސްވަރު ނަބަޠީން ތިބީ ހުރިހާ ދިމާއަކުން ވެސް ހަނގުރާމައާ ކުރިމަތިވެފަ އެވެ. ރޯމަނުންނާއި ސަޙަރާތެރެއިން އަންނަމުން ދިޔަ، ވަޙުޝީ ޙަމަލާތަކައި އެކުގައެވެ. މިގޮތުގައި ނަބަޠީންގެ ރަސްކަން، 106 މ. އައި ހަމައަށް މުސްތަޤިއްލު ދައްލަތެއްގެ ގޮތުގައި ދެމިއޮތެވެ.

ނަބަޠީ ރަސްކަމުގެ އެންމެ ފަހު، ރަސްކަލަކީ، ރާބިލް ދޭއް (RABEL 2, SOTER, 70 – 106 AD) އެވެ. މިނާގެ ބައްޕައަކީ، ކުރިން ހުންނެވި ރަސްގެފާނު މާލިކޯސް ދޭއް (MALICHUS 2, 40 – 70 AD) އެވެ. ރާބިލްގެ ބައްޕަ މަރުވުމާ ގުޅިގެން، ރާބިލް ރަސްކަމަށް އިސްކުރީ ވަރަށް ކުޑައިރުއެވެ. އެދުވަސްވަރު ރަސްކަމުގެ ހުރިހާކަމެއް ބެލެހެއްޓެވީ، ރާބިލްގެ މަންމަ، ޝާގިލަތް (SHAQILATH) އެވެ. މީނާއަކީ ވެސް ރަސްކަލެއްގެ ދަރިކަނބަލެކެވެ. ސޯޓަރ (SOTER) މިލަޤަބް “މީހުން ސަލާމަތްކުރާ މީހާ” ލިބިގަތީ ރަސްގެފާނު އަމިއްލަ ފުޅަށެވެ. ރާބިލް ރަސްގެފާނު މަރުވުމަށް ފަހު، ރޯމަނުންގެ، 13 ވަނަ ރަސްގެފާނު، ތްރާޒާން (TRAJAN, 18 SEO 53 – 8 AUG 117 AD) ނަބަޠީންގެ ވެރިރަށް ބަތްރާއަށް އަރައި، ނަބަޠީންގެ ޤައްމިއްޔަތު، 22 މާރޗް 106 މ. ގައި  ނިމުމަކަށް ގެނައީއެވެ. މުޅި އެސަރަޙައްދު އެކުގައި ރޯމަނުންގެ ދަށަށް ގެނައީއެވެ.

އާދެ! މިއަށް ފަހު، ނަބަޠީންގެ ބިން ހަމަޖެހިގެން ދިޔައީ، ރޯމަން އެންޕަޔަރގެ ޕްރޮވިންސެއްގެ ގޮތުގައެވެ. ނަމަކަށް ވީ، “ޢަރަބި ވިލާޔަތް” (PROVINCIA ARABIA PETRAEA, 106 – 630 AD) އެވެ. ޢަރަބި ބަތްރާ ޕްރޮވިންސު، ވިލާޔަތެއްގެ ގޮތުގައި، 630 މ. އައި ހަމައަށް ދެމިއޮތެވެ. އެއަށް ފަހު ވެސް އެސަރަޙައްދުގެ މީހުންނަކީ، ޢަރަބި މުސްލިމުންނެވެ. މިމީހުން މިއަދައި ހަމައަށް ވެސް މުސްލިމުންގެ ގޮތުގައި ދެމިތިބީއެވެ.

ސޫރިޔާއާއި ފަލަސްޠީނުގައި އޮތް ޢަރަބި ނަބަޠީންގެ ދައްލަތް، މިފަދަ ހިތާމަވެރި ގޮތަކަށް ނިމިގެން ދިޔައަސް ފާހަގަކޮށް ލަންޖެހޭ މުހިންމު ނުކުތާއަކީ، ޢަރަބި މުސްލިމުންގެ ވެރިކަމެއް އެސަރަޙައްދު ގައި ޤައިމުވެފައި އޮތްކަމެވެ. ދެރަވާން ޖެހެނީ، ބައެއްގެ އިހްމާލުން، ދުނިޔޭގެ ތާރީޚުގެ ތެރެއިންނާއި ތާރީޚީ ދިރާސާތަކުން މިބައިތައް ގެއްލިފައި ވާތީއެވެ. ނުވަތަ ޤަޞްދުގައި ނަގާލާފައި ވަނީއެވެ.

ސަލޫޤީންގެ އެރުން:

ސަލޫޤީ އެންޕަޔަރ (SELEUCID EMPIRE, 312 – 63 BC) އަކީ، ލިވާންޓް ސަރަޙައްދު ގައި، 312 މކ. ގައި އުފެދުނު، ހެލެނިސްޓިކް ޔޫނާނީ ރަސްކަމެކެވެ. މިއީ، އެލެގްޒޭންޑަރ ދަ ގްރޭޓް، މަރުވުމަށް ފަހު، އުފެދުނު ރަސްކަމެކެވެ. މިރަސްކަން ވުޖޫދުކުރީ ސަލޫޤުސް އެކެއް (SELEUCUS 1 NICATOR, 358 – 281 BC) އެވެ. މީނާއަކީ، އެލެގްޒޭންޑަރ ދަ ގްރޭޓްގެ ޢަސްކަރީ ޖެނެރަލެކެވެ. އަމިއްލަ ލަޤަބެއްގެ ގޮތުގައި ހަމަޖެއްސެވީ، ބާސިލަސް (BASILEUS) އެވެ. ބާސިލަސް އަކީ، ރަސްގެފާނު ނުވަތަ އެންޕަރަރ އެވެ. މިއީ ބޭޒަންތީން (BYZANTINE) ރަސްރަސްކަލުން ވެސް ބޭނުންކުރެއްވި ލަޤަބެކެވެ.

ސަލޫޤުސް އެކެއް ރަސްކަމުގައި، 306 އިން ފެށިގެން، 381 މކ. އައި ހަމައަށް ސަލޫޤީ ރަސްކަމުގެ ބާސިލަސް އަކަށް ހުންނެވިއެވެ. ސަލޫޤުސް އެކެއް އޭނާގެ ލަޝްކަރާއެކު ބާބިލަށް އަރައި، 312 މކ. ގައި ބާބިލް ހިފިއެވެ. ބާބިލަށް ފަހު، ދެން ހިފީ، ދިޖްލަކޯރު ކައިރީގައި އޮންނަ ސަލޫޤިޔާ (SELEUCIA) ޝަހަރެވެ. ސަލޫޤީ ރަސްކަމުގެ ވެރިރަށަކަށް ހެއްދެވީ، ސަލޫޤިޔާ އެވެ. ސަލޫޤީ ރަސްކަމަށް ނަން ހަރުވެގެން ދިޔައީ، ވެރިރަށް ސަލޫޤިޔާއަށް ނިސްބަތްކޮށެވެ.

ފަހެ، މިރަސްކަމުގެ ސަރަޙއްދު ލިވާންޓަށް ފެތުރި، އަންޓޯލިއާ އާއި ފާރިސްކަރަ އާއި ޢިރާޤާއި ކުވެއިތާއި މިހާރުގެ ގޮތުންނަމަ، ޕާކިސްތާނާއި އަފްޣާނިސްތާނާއި ޓަރކްމަނިސްތާނާއި އިންޑިޔާއިން ބަޔަކަށް ފެތުރިގެން ދިޔައެވެ. ޔޫނާނީންގެ ހެލެނިސްޓިކް ޘަޤާފަތް ދަމަހައްޓައި ދިން ރަސްކަމަކަށް ވިއެވެ. 200 މކ. ގައި ސަލޫޤީންގެ ފުރިހަމަ ބާރުގެ ދަށަށް، ޤުދުސް ދިޔައެވެ.

ޔަހޫދީ މުކާބީން އުފެދުނީ، ސަލޫޤީން އަތުން ޤުދުސް މިނިވަން ކުރުމުގެ މުޤައްދަސް މަޤްޞަދު ގައެވެ. މުކާބީންނަކީ، ސަލޫޤީންނައި ހަނގުރާމަ ކުރި ޢަސްކަރީ ދަރިކޮޅެވެ. ފުރަތަމަ މުކާބީއަކީ، ޖޫދާ (JUDAH) އޭ ނަމަކަށް ކިޔުނު މީހެކެވެ. މީނާގެ ޢަސްކަރީ ޖަމާޢަތުން، ސަލޫޤީ ރަސްކަލެއް ކަމުގައިވާ، އެންޓިގޯނަސް ހަތަރެއް (ANTIOCHUS 4 EPIPHANES, 215 – 164 BC) އައި ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރިއެވެ. މުކާބީންގެ މިލަޝްކަރުގެ ޤިޔާދަތުގައި ހުރީ، ޖޫދާ މުކާބީ (JUDAH MACCABEUS, 167 – 160 BC) އެވެ، އޭރު ސޫރިޔާ އާއި ފަލަސްޠީނު އޮތީ، އެންޓިގޯނަސް ހަތަރެއްގެ ބާރުގެ ދަށުގައެވެ.

މިދެންނެވި، ޖޫދާ މުކާބީ އަކީ، މަތާތިޔާ (MATTATHIAS BEN JOHANAN, died. 165 BC) އޭ ކިޔުނު ޔަހޫދީ އެދުރެއްގެ ފަސްދަރިންގެ ތެރެއިން، 3 ވަނަ ދަރިކަލުންނެވެ. ޖޫދާ މުކާބީ ޔަހޫދީންގެ އެންމެމަތީ އެދުރަކަށް ހުންނެވީ، 165 އިން ފެށިގެން، 160 މކ. އަށެވެ. މުކާބީ ދަރިކޮޅުގެ ފެށުމަކީ މިއެވެ. ފަހުން ނަބަޠީންނައި ހަނގުރާމަ ކުރެއްވި، އަދި ޤުދުސްގެ ރަސްކަމުގައި، 37 އިން ފެށިގެން، 4 މކ. އަށް އިންނެވި، ހިރޮޑްއަކީ ވެސް، ޔަހޫދީ މުކާބި ދަރިފަސްކޮޅުން އައި ރަސްކަލެކެވެ.

ސަލޫޤީންނައި މުކާބީ ހަނގުރާމަ ވެރިން، ހަނގުރާމަ ކުރަމުން ގެންދިޔައީ ގެރިއްލާ އުކުޅުތަކުގެ މޮޅު ހަނގުރާމަ އެކެވެ. މިހަނގުރާމަ، 176 އިން ފެށިގެން، 160 މކ. އަށް ކުރެވުނެވެ. ޖޫދާ މުކާބީގެ ބައްޕަ، މަތާތިޔަސް މަރާލީ، ޔޫނާނީ ހެލެނިސްޓިކް ޔަހޫދީއެކެވެ. އެއަށް ފަހު، ހަނގުރާމަ ލީޑްކޮށްދިނީ، ޖޫދާ މުކާބީއެވެ. މިހަނގުރާމައިގެ ނަތީޖާއަކީ، ޤުދުސް މުކާބީންގެ ދަށަށް ދިއުމެވެ. ހައިކަލަށް ވަދެ ސާފުކޮށް އަލުން އަޅުކަން ކުރަން ފެށީއެވެ. ހައިކަލްގެ އެންމެ އިސް އެދުރަކަށް ހުންނެވީ، ޖޮނަތަން މުކާބީ (JONATHAN MACCABEUS [JONATHAN APPHUS] 152 – 142 BC) މަތާތިޔަސްގެ، 5 ވަނަ ދަރިކަލުންނެވެ.

އާދެ! ސަލޫޤީ ރަސްކަން ބަލިކަށިވާން ފެށީ، 100 މކ. އިން ފެށިގެންނެވެ. އަދި، 63 މކ. ގައި ސަލޫޤީ ޤައްމިއްޔަތު ނިމި، ރޯމަން އެންޕަޔަރގެ ޕްރޮވިންސެއްގެ ގޮތުގައި ސަލޫޤީންގެ ސަރަޙައްދު ހަމަޖެހިގެން ދިޔައީ، ރޯމަން ރަސްގެފާނު ޕޮމްޕޭދަ ގްރޭޓްގެ ބެލުމުގެ ދަށުންނެވެ. ފާރިސީންގެ ޒަމާނާއި ހެލެނިސްޓިކް ޒަމާން ނިމި، ޙަޝްމޫނީންގެ ރަސްކަން ނިމި، ދެން ފެށިގެން ދިޔައީ ރޯމަނުންގެ ޒަމާނެވެ.

ރޯމަނުންގެ އެރުން:

ރޫމީންގެ ރަސްކަމުގެ ކޮންސުލް (COUNSUL) އަކަށް ހުންނެވި، ޕޮންޕޭ ދަ ގްރޭޓް، 63 މކ. ގައި ޤުދުސް ޝަހަރު ވަށާލުމަށް ފަހު، މުޅި އެޝަހަރު އަތުލެއްވުމަށް ފަހު ހައިކަލަށް ވެންނެވިއެވެ. އެހެނަސް ރަންރިހީގެ މަޢްދަނުގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެއްވައެވެ. އެއަށްފަހު، ހައިކަލް ޙަވާލު ކުރެއްވީ، އެންމެމަތީ ފަންތީގެ އެދުރެއްކަމުގައިވާ، އެންޓިޕާޓަރ އެކެއް، (ANTIPATER 1, d. 43 BC [THE IDUMAEN]) އާއެވެ. ފަހެ، މީނާއަކީ، ހިރޮޑް ދަ ގްރޭޓްގެ ބައްޕައެވެ. އަދި ހިރޮޑް ޢާއިލާގެ ބާނީއެވެ.

އައިދިއުމީންގެ ރަށްވެއްސެކެވެ. އައިދިއުމީން އޮންނަނީ، ޖޫދާގެ ދެކުނުއިރު ގައެވެ. ރޫމީން އުފެއްދި ރޯމަން އެންޕަޔަރ (ROMAN EMPIRE) ގެ ބާނީއަކީ، އަދި ފުރަތަމަ ރަސްކަލަކީ، އޮގަސްޓަސް (AUGUSTUS, 23 SEP 63 BC – 19 AUG 14 AD) އެވެ. ރަސްކަމުގައި، 27 މކ. އިން ފެށިގެން، 14މ. ގައި މަރުވަންދެން އިންނެވިއެވެ.

ރޯމަނުންގެ ފަރާތުން، 54 މކ. ގައި ސޫރިޔާގެ ގަވަރނަރަކަށް ހުރީ، ކްރެސަސް (MARCUS LICINIUS CRASSUS, 115 – 53 BC) އެވެ. މީނާގެ ވެރިކަމުގައި ހައިކަލްތެރޭގައި ހުރި ރަންރިހީގެ މަޢްދަންތައް ނަގައި ކޮންފިސްކޭޓް ކުރުމަށް ފަހު، މުޅި ހައިކަލް ލޫޓުވާލިއެވެ. އަދި ޤުދުސް ޝަހަރުން ޔަހޫދީންތައް ބޭރުކުރިއެވެ. އަދި ޔަހޫދީންނަށް ތުރާކޮށް ވަރަށް ހަސްކާތައް ދެއްކިއެވެ. މީނާއަކީ ރޫމީންގެ ރަސްކަމަށް ވަރަށްގިނަ އިސްލާޙްތަކާއި ރިފޯރމް ގެނެސްދެއްވި މީހެކެވެ.

އަދި، ރޯމަނުންގެ އިސް ޑައިރެކްޓަރަކަށް ހުންނެވި، ޖޫލިއަސްސީޒާ (JULIUS CAESAR, 100 – 44 BC) ޤުދުސް ޝަހަރައި ޙަވާލުވެގެން ހުންނަވާ ޕްރޮކިއުރޭޓަރ (PROCURATOR) އެއްގެ ގޮތުގައި އެންޓިޕާޓަރ އެކެއް ދަ އައިދިއުމީން ހަމަޖައްސަވައި އެމަޤާމަށް، 45 މކ. ގައި ޢައްޔަން ކުރެއްވިއެވެ.

އެންޓިޕާޓަރ ދަ އައިދިއުމީން، 43 މކ. ގައި ބަޔަކުމީހުން ވިހަލައި މަރާލުމުން ޤުދުސްގެ ގަވަރނަރު ކަން ރޯމަން ރަސްކަމުން ޙަވާލުކުރީ، އެންޓިޕާޓަރގެ ދަރިކަލުން، ޕާސެލް “ފަޒާއީލް” (PHASAEL, d. 40 BC) އާއެވެ. މީނާއަކީ ހިރޮޑް ޢާއިލާގެ ރަސްކަލެކެވެ. ހިރޮޑް ދަ ގްރޭޓްގެ ދޮށީބޭބެއެވެ. އަދި، 37 މކ. ގައި ޤުދުސް ޝަހަރުގެ ހުރިހާކަމަކައި ޙަވާލުވެލެއްވީ، ރޫމީންގެ ވަރުގަދަ ރަސްކަލެއް ކަމުގައިވާ، ހިރޮޑް ދަ ގްރޭޓް އާއެވެ.

ފަހެ، ހިރޮޑްރަސްގެފާނުގެ ދުވަސްވަރަކީ، ވަރަށް އުޖާލާކަން ގެނެސް ދެއްވި ދުވަސްވަރެކެވެ. ތަރައްޤީގެ ދުވަސް ވަރެކެވެ. 19 މކ. ގައި ހައިކަލް (ބައިތުލްމަގްދިސް) ގެ ބިންގާ ބޮޑުކުރައްވައި އަލުންބިނާ ކުރެއްވިއެވެ. އެއަށް ފަހު، މަޝްހޫރު ވެގެން ދިޔައީ ހޮރިޑްގެ ޓެންޕަލް (HEROD’S TEMPLE) ގެ ނަމުންނެވެ. މިނަމުން ހައިކަލްއަށް ނަންދެވުނެވެ. އަދި މިބިނާކުރުން ވެގެންދިޔައީ ދެވަނަ ޢިމާރަތް (SECOND TEMPLE) ކުރުމަށް ވާތީ، ދެވަނަ ޓެންޕަލް އަށެވެ.

ފުރަތަމަ ޓެންޕަލް އަކީ، ސުލައިމާނުގެފާނު ބިނާކުރެއްވި، މިސްކިތް ބައިތުލް މަޤްދިސް އެވެ. ބާބިލީންގެ ރަސްކަމުން ފުރަތަމަ ޓެންޕަލް (ހައިކަލް) ހަލާކޮށް ސުންނާފަތި ކޮށްލުމަށް ފަހު ދެވަނަ ފަހަރަށް ބިނާކުރި ކުރުމަކީ މިއެވެ. ޔަހޫދީންގެ ގާތުގައި މަޝްހޫރު، ދެވަނަ ހައިކަލްގެ ޒަމާން (SECOND TEMPLE PERIOD) ގާތްގަނޑަކަށް، 586 މކ. އިން ފެށިގެން، 70 މ. އަށް ދެމިގެން ދިޔައެވެ.

ހިރޮޑް ދަ ގްރޭޓް ދެންކުރެއްވި މަސައްކަތަކީ، ޙަރަމް އައްޝަރީފްގެ ވަށަފާރު އަލުންލެއްވުމެވެ. ޔަހޫދީންގެ ގާތުގައި މިބޮޑުފާރު މަޝްހޫރުވެފައި ވަނީ، ވެސްޓަރންވޯލް (WESTERN WALL) އެވެ. މިފާރަށް “ބުރާޤުފާރު” އޭވެސް ކިޔައެވެ. މިގޮތުން ރޫމީންގެ ހިރޮޑް ރަސްގެފާނަކީ، ޢިމްރާނީ މަސައްކަތްތަކެއް ކުރެއްވި ބޭފުޅަކަށެވެ. މިބޮޑުފާރުގެ ވާހަކަ ވަކިން، ގެނެސްދޭނަމެވެ. إن شاءالله!

ހިރޮޑް ދަ ގްރޭޓް އަވަހާރަވުމުން، ފަލަސްޠީންގައި ވެރިކަމުގެ ހައިޖާނު އުފެދިގެން ދިޔައެވެ. ސަބަބަކަށްވީ، ހިރޮޑް ރަސްގެފާނުގެ ދިހަ އަނބިކަބަލުންނަށް، ބައިވަރު ކުދިންލިބިފައި ތިބުމުންނެވެ. އެކުދިންގެ މެދުގައި ބައްޕައަށް ފަހު، ރަސްކަމުގެ ވާދަވެރިކަން އުފެދުމުންނެވެ. މިކަމާގުޅިގެން، ރޯމަން އެންޕަޔަރުން އޮގަސްޓަސް (AUGUATUS) ހެއްދެވި ގޮތަކީ، ރަސްކަމުގެ ދަރުބާރުން ޤަރާރެއް ނެރުއްވައި، 3 މކ. ގައި ފަލަސްޠީނުގެ ކަންކަމާ ސީދާ ޙަވާލުވެލެއްވުމަށް ފަހު، ފަލަސްޠީން ތިންބަޔަށް ބައްސަވައި ހިރޮޑް ދަ ގްރޭޓްގެ ތިން ދަރިންނަށް ތިން ސަރަހައްދުގެ ވެރިކަން ޙަވާލު ކުރެއްވީއެވެ.

ފަލަސްޠީނުގެ ދެކުނުގެ ސަމާރިއާ (SAMARIA) އާއި ޖޫދިޔާ އާއި އައިދިއުމީންގެ ރަސްކަން ޙަވާލުކުރެއްވީ، ހިރޮޑްގެ ދަރިކަލުން، ހިރޮޑް އަރްޝީލާސް (HEROD ARCHELAUS, 23 BC – 18 AD) އާއެވެ. މީނާ ރަސްކަމުގައި، 4 މކ. އިން ފެށިގެން، 6 މ. ގައި މަރުވުމާ ހަމައަށް ހުންނެވިއެވެ.

އަދި، ފަލަސްޠީނުގެ ޖަލީލް (GALILEE) އާއި ޖޯރޑަންގެ އިރުމަތީ ސަރަހައްދު، ޕެރިއާ (PEREA) ގެ ރަސްކަން ޙަވާލުކުރެއްވީ، ހިރޮޑްގެ ދަރިކަލުން، ހިރޮޑް އެންޓިޕާސް (HEROD ANTIPAS, 20 BC – 39 AD) އާއެވެ. މީނާ ރަސްކަމުގައި، 6 މ. އިން ފެށިގެން، 39 މ. ހަމައަށް ހުންނެވިއެވެ.

އަދި، ދަމިޝްޤު ސަރަޙައްދުގެ ރަސްކަން ޙަވާލުކުރެއްވީ، ހިރޮޑްގެ ފަސްވަނަ އަނބިކަނބަލުން ނަށް ލިބިވަޑައި ގެންނެވި ދަރިކަލުން، ފިލިޕް ދަ ޓެޓްރޯޗް (PHILIP THE TETRARCH [TRACHONITIS]) އާއެވެ. ފިލިޕް، 34 މ. އައި ހަމައަށް ރަސްކަމުގައި ހުންނެވިއެވެ. މިމީހުން މަރުވުމުން އެސަރަޙައްދު ތަކުގެ ރަސްކަން ޙަވާލު ވެގެން ދިޔައީ، ސީދާ ރޯމަން އެންޕަޔަރ އިން ހިންގާ ގޮތަށެވެ.

އެ ގޮތުން ރޫމީން ފޮނުއްވި ރަސްކަލުންގެ ތެރެއިން، ފަލަސްޠީނައި ޙަވާލުވީ، ޕިލާޠްސް “ޕޮންޗަސްޕައިލެޓް” (PONTIUS PILATE, 26 – 36 AD) އެވެ. މިއީ ޖޫދިޔާގެ ރަސްގެފާނެވެ. ޢީސާގެފާނުގެ ޝަރީޢަތް ފައުޅުވެ، ދައުވަތު ދެމުންގޮސް، ޢީސާގެފާނު ޞަލީބަށް އެރުވުނީ، މިރަސްގެފާނުގެ ޒަމާނުގައެވެ. އޭރު ރޯމަން އެންޕަޔަރގެ ރަސްކަލަކީ، ޓައިބީރިއަސް (TIBERIUS, 16 NOV 42 BC  – 16 MAR 37 AD) އެވެ. ރަސްކަން ކުރެއްވީ، 18 ސެޕްޓެންބަރ 14 މ. އިން ފެށިގެން، 16 މާޗް 37 މ. އަށެވެ.

މިއީ ރޯމަން އެންޕަޔަރގެ ދެވަނަ ރަސްގެފާނެވެ. ތިންވަނަ ރަސްކަލަކީ، ކަލިގިއުލާ “ގެއިސް” (CALIGULA [GAIUS] 31 AUG 12 – 22 JAN 41 AD) އެވެ. ރަސްކަމުގައި އިންނެވީ، 16 މާޗް 37 އިން ފެށިގެން، 22 ޖެނުއަރީ 41 މ. އަށެވެ. ރޫމީ ރަސްކަމުގެ ހަތަރުވަނަ ރަސްގެފާނަކީ، ކްލައުޑިއަސް (CLAUDIUS, 1 AUG 10 BC – 13 OCT 54 AD) އެވެ. ރަސްކަމުގައި އިންނެވީ، 41 މ. އިން ފެށިގެން، 54 މ. ވަނަ އަހަރައި ހަމައަށެވެ. ފަސްވަނަ ރަސްގެފާނަކީ، ނިރޯ (NERO, 15 DEC 37 – 9 JUN 68 AD) އެވެ. ރަސްކަމުގައި އިންނެވީ، 54 މ. އިން ފެށިގެން، 68 މ. ވަނަ އަހަރައި ހަމައަށެވެ.

ފަލަސްޠީނުގައި ޕިލާޠްސްގެ ރަސްކަން ނިމުމުން އަނެއްކާވެސް ހިރޮޑް ޢާއިލާގެ ބޭފުޅެއް ކަމުގައިވާ، ހިރޮޑް އެގްރިޕާ (HEROD AGRIPPA, 11 BC – 44 AD) އައި ފަލަސްޠީނުގެ ރަސްކަން، ރޯމަން އެންޕަޔަރގެ ގެއިސް އަށް ޖިޒީ ދައްކާގޮތަށް އަނބުރާ ޙަވާލުކުރެވުނެވެ. މިރަސްކަން ދެމިއޮތީ، 41 މ. އިން ފެށިގެން، 44 މ. ވަނަ އަހަރައި ހަމައަށެވެ. ފަހެ، ހިރޮޑް އެގްރިޕާ މަރުވުމުން، ފަލަސްޠީނުގެ ރަސްކަން އަނބުރާ ގެންދިޔައީ ސީދާ ރޯމަނުންގެ ބާރުގެ ދަށަށެވެ. މިހާ ހިސާބުން ފަލަސްޠީނަކީ، ރޯމަނުންގެ ވިލާޔަތެއް ކަމުގައި ރަސްމީކޮށް ހަމަޖެއްސިއެވެ. އަދި، މިހާހިސާބުން ޔަހޫދީ ހިރޮޑް ޢައިލާގެ ވެރިކަން ރަސްމީ ސިފައެއްގައި އެކުގައި ނިމި ދިޔައީއެވެ.

ޤުދުސްގައި ރޫމީންހެ ނުވަތަ ރޯމަނުންގެ ވެރިކަމުގެ ދުވަސްވަރު، އަޅުވެތިކަމައި ދެކޮޅަށް ތެދުވެ، ރޯމަނުންގެ ވެރިކަމަށް، ތަޙައްދީ ކުރެވޭތޯ ޔަހޫދީން، 3 ފަހަރަކު ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރިއެވެ. އެއީ، 66 މ. އާއި، 117 މ. އާއި، 135 މ. ހައިތަނުގައެވެ. މިތާރީޚްތައް ކަނޑައެޅުމުގައި އެކި މުއައްރިޚުންގެ ލިޔުއްވުންތަކުގައި ކުޑަކޮށް، ތަފާތުހުރެ އެވެ.

ފަހެ، މިހުރިހައި ފަހަރެއްގައިވެސް ރޯމަނުން އެމީހުންގެ ގަދަފަދަ ހަތިޔާރުތަކުގެ ކުޅަދާނަކަން ޔަހޫދީންނަށް ފިސާރިއަކަށް ދައްކައި، ޔަހޫދީންގެ، އިންތިފާޟާ އެކުގައިހެން ފުނޑުފުނޑުކޮށް ސުންނާފަތިކޮށް ލިއެވެ. ޔަހޫދީން ބޭތިއްބީ ވަރަށް ނިކަމެތި ކަމުގައެވެ. އާރެއް ބާރެއް ނެތްބައެއްގެ ގޮތުގައެވެ. ޔަހޫދީންގެ ފުރަތަމަ އިންތިފާޟާގައި، ރޯމަން ލަޝްކަރު ޤުދުސްއަށް އަރައި، އެރަށުގެ ބޮޑުބައެއް ތަޅާއި ސުންނާފަތިކޮށް ބިމައި ހަމަކޮށްލިއެވެ. އެދުވަސްވަރުގެ ތަޅާފޮޅުމުގެ ތެރޭގައި ސަލާމަތުންހުރީ، ހަމައެކަނި ޢިމާރާތުގެ ހުޅަނގުފަރާތުގެ ފާރުގެ ތަންކޮޅެކެވެ.

ފަހެ، ޔަހޫދީންގެ މިއިންތިފާޟާ ތަކުގެ ތެރޭގައި، ރޯމަނުން ޔަހޫޒާގެ އެކިއެކި ކަންކޮޅުތަކުގައި ޔަހޫދީންގެ އެތައްހާސް ބަޔަކު ކަތިލާއި ޔަހޫދީންގެ، ފަންސާހަށް ވުނެ ގިނަ ކިއްލާތައް މުގުރާލާއި އެއްހާސް އަވަށް ޗާޓުން މުޅިންހެން ނެތިކޮށްލާއި ފޮހެލިއެވެ.

އާދެ! 135 މ. ގެ އިންތިފާޟާއަށް އަށް ފަހު، ރޯމަނުން، ޔަހޫދީންގެ އެތައް ލައްކަބަޔަކު ޖަމާޢަތް ޖަމާޢަތަށް ޔަހޫޒާއިން ގަދަކަމުން ބޭރުކޮށް، އޭޝިޔާއާއި އުތުރު އެފްރިކާ އާއި ޔޫރަޕްގައި ރޯމަނުންގެ ވެރިކަންއޮތް ގިނަސަރަޙައްދުގެ އެކިހިސާބުތަކަށް، ގެންގޮސް އަޅުންގެ ގޮތުގައި ވިއްކާއި ވިއްސިވިހާލިކޮށް ލިއެވެ. އިޓަލީއާއި ސްޕެއިނާއި މިޒަމާނުގެ ޖަރުމަން ފަދަ ޔޫރަޕްގެ ސަރަޙައްދުތަކަށް، ޔަހޫދީން ފެތުރިގެން ދިޔައީ މިގޮތުގެ މަތީންނެވެ. މިއީ ޔަހޫދީންގެ އެންމެ މަޝްހޫރު ބޭރުކުރުމެވެ. ޔަހޫޒާއިން، އެންމެހައި ޔަހޫދީން ބޭރުކުރުމަށް ފަހު، ރޯމަނުން އެބިމުގެ ނަންވެސް ބަދަލު ކުރިއެވެ.

ފަހެ، ޔަހޫޒާގެ ބަދަލުގައި އެބިމުގެ ނަމަކީ، “ސީރިޔާ ޕަލަސްޠީން” ކަމަށް ކަނޑައެޅި އެވެ. އަދި ސީރިޔާ ޕެލަސްޓައިން އިން ބޭރު އެއްވެސް ޔަހޫދީއަކު ރޯމަނުންގެ އެ އިޤްލީމަށް ނުވަތަ އެޕްރޮވިންސަށް ފައިތިލަބީހުން ވެސް މަނާކުރިއެވެ. މިކަމާހެދި ޔަހޫޒާގައި ތިބެވުނީ، ވަރަށް މަދު ޔަހޫދީއަކަށެވެ. ފަހެ، އެއިރުވެސް އެބިމުގައި ފެތުރިފައިވާ ބޮޑު އަބާދީއަކީ، ކަންޢާނީންނާއި އެބިމުގައި ޤަދީމީ ޒަމާނުގައި ވަޒަންވެރިވި މުސްލިމް ޢަރަބި ޖަމާޢަތްތަކުގެ މީހުންނެވެ. އެދަރިފަސްކޮޅެވެ.

މިމީހުން ސަލާމަތުން ތިބީ، އެމީހުންނަކީ ވެސް ރޯމަނުންނައި އެއްކަހަލަ ދީނީ ވިސްނުމެއްގެ ބަޔަކަށް ދެކެވިގެންނެވެ. އަދި ހަމައެއާއެކު، ޢަރަބި ސަޙަރާއިން ހިޖްރަކޮށްގެން އުޅެމުން ގެންދިޔަ ދަރިކޮޅުތައް އެބިމުގައި ދެމިތިއްބެވެ. ފާރިސީންގެ ޤަބީލާތަކައި ޔަހޫދީންގެ މަދު ބައެއް، ސީރިޔާ ޕަލަސްޠީންގެ އާބާދީގައި ހިމެނުނެވެ. މިހުރިހައި ޖަމާޢަތްތައް ވެސް ގެންދިޔައީ، ކައިވެނީގެ ގޮތުންގުޅި ލާމެހެވިގެންނެވެ. އަމިއްލަ ވަޠަނީބައެއްގެ ރޫޙާއި ސިފަލިބި ގަނެގެންނެވެ. ވަކިތަފާތު ކުރުމެއް ނެތިއެވެ.

ފަހެ، 320 މ. ހިސާބުގައި ރޯމަން ބެއިޒަންޓިއަނުން ނަޞާރާދީން ޤަބޫލް ކުރިއެވެ. އެއަށް ފަހު ރޯމަން އެންޕަޔަރ ދަށުގައި ދިރިއުޅެމުން ގެންދިޔަ ޔަހޫދީނަނާއި ސީރިޔާ ޕަލަސްޠީން ގައި އުޅެމުންދިޔަ ވަރަށް މަދު ޢަދަދެއްގެ ޔަހޫދީންނަށް ކުރިއަށްވުރެ ވެސް މާނިކަމެތި ޙާލެއް ޖެހުނެވެ. އިތުރުވޭނާއި އަނިޔާއައި ކުރިމަތިލާން ޖެހުނެވެ.

ފަހެ، ދަންނާށެވެ! ކްރިސްޗިއަނުން (ނަޞާރާއިން) ޤަބޫލްކުރާ ގޮތުގައި، ޢީސާގެފާނު މަރާލުމަށް ޞަލީބަށް އެރުވުމުގައި އިސްދައުރެއް އަދާކުރީ ޔަހޫދީންނެވެ. އެހެންކަމުން ނަޞާރާއިން ދެކެނީ، އެކަލޭގެފާނަށް ލިބިވަޑައި ގަތް ހުރިހާ ދުއްތުރާތަކާއި އަނިޔާތަކާއި އެކަލޭގެފާނު ޞަލީބަށް އެރުވުމާއި މަރާލުމައި މެދު ޔަހޫދީން ފުރިހަމަ އަށް ޒިންމާވާން ޖެހޭނެކަމުގައެވެ. ނަޞާރާއިންގެ މިޢަޤީދާގެ ދަށުން ނަޝާރާއިން ގެންދިޔައީ ޢީސާގެފާނު ޤަތުލްކޮށް ލުމުގެ ބަދަލު ހިފުމަށް ޓަކައި ޔަހޫދީންނަށް ހުރިހާޒާޔެއްގެ އަނިޔާތައް ކުރަމުންނެވެ.

ރޯމަނުންގެ ބައިޒަންތީ ވެރިކަމުގެ ފުރަތަމަ ރަސްކަލަކީ، ޤުސްޠުންޠީން އެކެއް (CONSTANTINE THE GREAT) އެވެ. މިއީ ރޯމަނުންގެ، 57 ވަނަ ރަސްކަލެވެ. އޮފީހުގައި އިންނެވީ، 306 އިން ފެށިގެން، 337 މ. އައި ހަމައަށެވެ. ބައިޒަންޠާ (BYZANTIUM) އަކީ، ތުރުކީގެ ބޮސްފަރެސް ކަނޑުއޮޅީގެ ރަށެކެވެ. އޭރު ރޫމީން ތުރުކީގައި ވެރިކަންކުރި ރަށެވެ. ބައިޒަންޠީން އަތުން، ފަލަސްޠީން ފަތަޙަކުރީ، މުޙައްމަދުގެފާނަށް ފަހު، އުފެދުނު ޚިލާފަތުގެ ސަރުކާރުންނެވެ.

ފުރަތަމަ ޚަލީފާއަކީ، އަބޫބަކުރު ރަޟިޔަﷲ ޢަންހު އެވެ. ދެވަނަ ޚަލީފާއަކީ، ޢުމަރު ރަޟިޔަﷲ އަންހުއެވެ. ރޯމަނުނ ްގެ އަތުން ފަލަސްޠީން ފަހަތަ ކުރެއްވީ ޢުމަރުގެފާނެވެ. މަދީނާ މުނައްވަރާގައި މުޙައްމަދުގެފާނު އުފެއްދެވި އިސްލާމީ ޚިލާފަތުންނެވެ. އަލްޚުލަފާއުއް ރާޝިދޫން (RASHIDUN CALIPHATE) ފަލަސްޠީން އަށް އެރުމެވެ. މިވާހަކަތައް ޢީސާގެފާނުގެ ވާހަކަތަކަށް ފަހު، ގެނެސްދޭނަމެވެ. އިންޝާއަﷲ!

ގުދުސްގެ ބޮޑުފާރު:

މިފާރަކީ ފެށުނީއްސުރެ ވެސް އިސްލާމުންނާއި ޔަހޫދީންގެ ގާތުގައި މުޤައްދަސް ވެގެންވާ ފާރެކެވެ. މިފާރަށް އިސްލާމުން ދީފައިވާ ނަމަކީ، ޙާއިތުލް ބުރާޤް (ބުރާޤު ފާރުކޮޅު) އެވެ. ބަނީއިސްރާއީލު ބާގައިގެ ޔަހޫދީން ކިޔާއުޅެނީ، ވެސްޓަރން ވޯލް (WESTERN WALL) ނުވަތަ ވެއިލިންގ ވޯލް (WAILING WALL) އެވެ. މިފާރުގެ އެއްފަރާތުގައި މުސްލިމުން އަޅުކަން ކުރަމުން ދާއިރު އަނެއްފަރާތުގައި ޔަހޫދީން އަޅުކަން ކުރަމުން ގެންދެއެވެ. މިފާރަށް މަސްޖިދުލް ބުރާޤު އޭވެސް މުސްލިމުން ކިޔާއުޅެއެވެ. އެހެނަސް އެތާގައި ވަކި މިސްކިތެއް ހެދިފައެއް ނުހުރެއެވެ.

ފާރުގެ ބުޑުން ފެށިގެން އަޅުކަން ކުރަމުންދާތީ މިސްކިތޭ ކިޔަނީއެވެ. މުޙައްމަދުގެފާނު އިސްރާ އާއި މިޢްރާޖް ދަތުރުފުޅުގައި ޖިބްރީލްގެފާނައި އެކު، ދަތުރުކުރެއްވި ބުރާޤް މަސްޖިދުލް އަޤްޞާގައި ބެންނެވިތަން މިހާރުވެސް މިފާރުގައި މަޢްދަނުން ހަދާފައިވާ ބޮޅެއް ހަރުކޮށް ފާހަގަކޮށް ފައިވެއެވެ. މިފާރުގެ ބިންގަލުން މައްޗަށް ނެގިފައިވަނީ ހަމަބިމަށްވުރެ ތިރިންނެވެ.

ފަހެ، މިއީ ވަރަށް ޤަދީމީފާރެކެވެ. ސުލައިމާނުގެފާނު، މަސްޖިދުލް އަޤްޞާ ބިނާކުރެއްވި އިރު ޙަރަމް ޝަރީފް (TEMPLE MOUNT) ފާހަގަ ކުރެއްވުމުގެ ގޮތުން ލެއްވިފާރެކެވެ. އެއަށް ފަހު، އެކި ޒަމާނުގައި އެފާރަށް އެކިގޮތްތައް ދިމާވެ، ތަޅާއިމުގުރާލެވި، އަދި އަލުންލެވި މިއަދާ ހަމައަށް ވެސް ވަނީ އެގޮތުގެ މަތީގައި ދެމެމުން އައިސްފައެވެ. އިސްލާމުން މިފާރަށް ބުރާޤު ފާރުކޮޅު ކިޔަނީ، އަޅުގަނޑުމެންގެ އެންމެފަހުގެ ރަސޫލާ، މުހައްމަދުގެފާނު އިސްރާ އާއި މަޢްރާޖް އަށް އަރާވަޑައި ގެންނެވި ދަތުރުގައި މަސްޖިދުލް އަޤްޞާ ގައި ހުރިހާ ނަބީބޭކަލުންނައި އެކު ނަމާދުފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ ބުރާޤްކޮޅު ބެންނެވި ތަނުގައި ލެވިފައިވާ ފާރަކަށް ވާތީއެވެ.

ފަހެ، މިފާރަކީ، އެތަނުން ފެށިގެން ލާންފެށިފައިވާ ފާރެކެވެ. މިހާރު މިދުވަސްވަރު، މިފާރަކީ ވަރަށް ދިގު، އަދި އުސް ފާރެކެވެ. ޙަރަމް ޝަރީފް ފާހަގަކުރުމަށް ދަމާލެވިފައިވާ ބިޔަ ވަރުގަދަ ފާރެކެވެ. އެކި މަރްޙަލާތަކުން ވާރުތަވަމުން އައިސް މިހާރުގެ އިސްރާއީލީ ދައްލަތުން މިފާރުވަނީ، ޒަމާނީ ފެންވަރެއްގައި ގުދުސްގެ އެކިހިސާބުގައި އެމީހުން ބޭނުންވާ ގޮތަށް ބިނާކޮށް ފައެވެ.

ފަހެ، ސުލައިމާންގެފާނު ލެއްވި ފާރު މުގުރާލީ ބާބިލީން އަރައެވެ. ގުދުސްއަށް އަރާ ކޮންމެ ލަޝްކަރަކުން ވެސް މިފާރަށް ގެއްލުންދެއެވެ. އަދި ފަތަޙަ ކުރުމަށް ފަހު ބިނާކުރެއެވެ. ހިރޮޑް ރަސްގެފާނު އިރުވެސް ބޮޑު މަރާމާތަކައި އެކު އަލުން ބިނާކުރުއްވުމެއް ހިންގެވިއެވެ. މިފާރަކީ ދިގުތާރީޚެއް އެކުލެވިފައި އޮތް ފާރެކެވެ. ފާރުގެ ބުޑުގައި ނުވަތަ ވީހައި ކައިރިއެއްގައި އަޅުކަން ކުރުމުގެ ބޭނުމުގައި އެއްބަޔަކު އަނެއްބަޔަކަށް ގިނަ ދުއްތުރާތަކާއި ހަނގުރާމަތައް ހިންގާފައި ވެއެވެ.

އިސްލާމުންނާއި ޔަހޫދީންނައި އަޅުކަން ކުރުމުގެ ގޮތުން ޖާގަބޮޑުކުރުމަށައި ބިން ބޮޑުކޮށް، ޤުދުސްއަށް ވެރިވެގަތުމުގައި އެތައް ހަނގުރާމަތައް ކޮށްފައި އެބަހުއްޓެވެ. ޔަހޫދީން ޤަބޫލްކުރާ ގޮތުގައި، މިފާރުގެ ކައިރީގައި ތިބެގެން އަޅުކަން ކުރުމުގެ ޙައްޤު އެމީހުންނަށް ވަނީ، ސުލައިމާނުގެފާނު އިރުންފެށިގެން ލިބިފައެވެ. އިސްލާމުން ޢަޤީދާއަކީ، އަދި ފާޅުވެގެންވާ އިލާހީ ޙަޤީޤަތަކީ، ގުދުސް އަކީ، އިސްލާމުންގެ މާތްވެގެންވާ ޙަރަމްފުޅެވެ. އަދި ދަތުރުކޮށް ނަމާދުގެ އަޅުކަން ކުރުމަށް ހުއްދަދެއްވާފައިވާ ތިން ޙަރަމްފުޅުން އެއް ޙަރަމްފުޅެވެ.

ޒަކަރިއްޔާގެފާނު:

ޒަކަރިއްޔާ (ZECHARIAH) ގެފާނަކީ، ބަނީ އިސްރާއީލު މީހުންނަށް ފޮނުއްވުނު ނަބިބޭކަލެކެވެ. އެބައިމީހުން މޫސާގެފާނުގެ ދީންދޫކޮށް މަގުފުރެދުމައި ގުޅިގެން ދުވަސްތަކަކަށް ފަހު، ﷲ ފޮނުއްވީ، ޒަކަރިއްޔާގެ ފާނެވެ. އެކަލޭގެފާނުގެ މަސައްކަތްޕުޅަކީ، ބަނީ އިސްރާއީލު މީހުންނަށް، ﷲގެ ސީދާމަގު ދެއްކެވުމެވެ. މުޅި ޢުމުރުފުޅު ހޭދަކުރެއްވީ، ދީނަށް ގޮވާލެއްވުމުގައި ހައިކަލް (ބައިތުލްމަޤްދިސް) ގައި ޚިދުމަތް ކުރެއްވުމުގައެވެ.

އެކަލޭގެ ފާނުގެ އަނބިކަނބަލުންނަކީ، އަލްޔަޞާބާތް (ELIZABETH or ELISABETH) އެވެ. ދެމަފިރި ކަނބަލުން މުސްކުޅިފުޅުވީ އިރުވެސް ދަރިކަލަކު ލިބިވަޑައި ނުގަތުމުން އެކަލޭގެފާނަށް ފަހު ދީނަށާއި ހައިކަލަށް ޚިދްމަތްކޮށް ދީނަށް ގޮވާލެއްވުމުގެ މަސައްކަތް ކުރާނެ ފަރާތެއް ނުހުންނާނެތީ، އެކަމައި އިންތިހާއަށް ހިތާމަ ކުރައްވައި، ދަރިކަލަކަށް އެދިވަޑައިގެން، ﷲ އަށް ދެންނެވިއެވެ. ދެމަފިރި ކަނބަލުންނަށް ދަރިކަލަކު ރިޒިޤްކުރެއްވުމަށް އެދި، ﷲ އަށް ދުޢާ ދެންނެވިއެވެ. އޭރު ޒަކަރިއްޔާގެފާނުގެ ޢުމުރުފު، 90 އަހަރަށް އަރައިފިއެވެ. ޤުރްއާނުގައި މިވާހަކަތައް، ﷲ ގެންނަވާފައި ވެއެވެ. އާލުޢިމްރާން ސޫރަތުގެ، 40 ވަނަ އާޔަތް ބައްލަވާށެވެ!

قَالَ رَ‌بِّ أَنَّىٰ يَكُونُ لِي غُلَامٌ وَقَدْ بَلَغَنِيَ الْكِبَرُ‌ وَامْرَ‌أَتِي عَاقِرٌ‌ ۖ قَالَ كَذَٰلِكَ اللَّـهُ يَفْعَلُ مَا يَشَاءُ ﴿٤٠

“(ޒަކަރިއްޔާގެފާނު) ވިދާޅުވިއެވެ. އޭ! ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަން ކަލޭގެފާނަށް، ފިރިހެން ދަރިއެއް ލިބޭނީ ކިހިނަކުން ތޯއެވެ؟ ތިމަންކަލޭގެފާނު ވަނީ، ޢުމުރުން ދުވަސްވެފައެވެ. އަދި، ތިމަން ކަލޭގެފާނުގެ އަންހެނުންނަކީ، ދަރިޔަކު ލިބޭފަދަ މީހެއްނޫނެވެ. ﷲ ވަޙީކުރެއްވިއެވެ. ތިޔަކަންތައް ހުރީ ތިޔަފަދައިންނެވެ. (އެހެނަސް) ﷲ އިރާދަކުރައްވާ ކަމެއް ކުރައްވަތެވެ.”

ދެން ފަހެ، ﷲ ޒަކަރިއްޔާގެފާނަށް އުފާވެރިޚަބަރު ދެއްވިއެވެ. ހަމަ އެސޫރަތުގެ، 38 ވަނަ އާޔަތާއި، 39 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ މިފަދައިންނެވެ! ޤުރްއާން ބައްލަވާށެވެ!

هُنَالِكَ دَعَا زَكَرِ‌يَّا رَ‌بَّهُ ۖ قَالَ رَ‌بِّ هَبْ لِي مِن لَّدُنكَ ذُرِّ‌يَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿٣٨﴾ فَنَادَتْهُ الْمَلَائِكَةُ وَهُوَ قَائِمٌ يُصَلِّي فِي الْمِحْرَ‌ابِ أَنَّ اللَّـهَ يُبَشِّرُ‌كَ بِيَحْيَىٰ مُصَدِّقًا بِكَلِمَةٍ مِّنَ اللَّـهِ وَسَيِّدًا وَحَصُورً‌ا وَنَبِيًّا مِّنَ الصَّالِحِينَ ﴿٣٩

“އެހިނދު އެތާގައި ޒަކަރިއްޔާގެފާނު، އޭނާ ހައްދަވައި ބޮޑުކުރެއްވި. ﷲ އަށް ދުޢާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ! އޭ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ﷲގެ ޙަޟްރަތުން ހެޔޮވެގެންވާ ދަރިކޮޅެއް ތިމަންކަލޭގެ ފާނަށް ދެއްވާންދޭވެ! ﷲއީ (އަޅުންކުރާ) ދުޢާ އައްސަވާ ވޮޑިގެންވާ ކަލާނގެއެވެ.”

“ދެންފަހެ، އެކަލޭގެފާނު މިޙްރާބުގައި ނަމާދު ކުރެއްވުމުގައި ޤައިމުވެ ވަޑައިގެން ހުންނަވަނިކޮށް މަލާއިކަތުން އެކަލޭގެފާނަށް ގޮވައި ދެންނެވިއެވެ. ހަމަކަށަވަރުން (ކަލޭގެފާނަށް) ޔަޙްޔާގެފާނު ލިބިވަޑައި ގަންނަވާނޭ ކަމުގެ އުފައުވެރި ޚަބަރު، ﷲ ކަލޭގެފާނަށް އަންގަވައެވެ. (އެކަލޭގެފާނުން ވާހުށީ) ﷲގެ ކިބަފުޅުން އައި ކަލިމަފުޅެއް (ކަމުގައިވާނޭ، ޢީސާގެފާނަށް) އީމާންވެ ވަޑައިގަންނަވާ ބޭކަލެއް ކަމަށާއި އެކަލޭގެފާނަށް މީހުންތަބާވާ  މަތިވެރި ބޭކަލެއް ކަމަށާއި ހަޑިހުތުރު ކަންތައްތަކުން މަނާވެގަނެގެން ހުންނެވި ބޭކަލެއް ކަމަށާއި ޞާލިޙް މީހުންގެ ތެރެއިން ނަބީބޭކަލެއް ކަމަށެވެ.”

އަދި، މަރްޔަމް ސޫރަތުގެ، 7 ވަނަ އާޔަތާއި، 12 ވަނަ އާޔަތް ބައްލަވާލައްވާށެވެ!

يا زَكَرِ‌يَّا إِنَّا نُبَشِّرُ‌كَ بِغُلَامٍ اسْمُهُ يَحْيَىٰ لَمْ نَجْعَل لَّهُ مِن قَبْلُ سَمِيًّا ﴿٧

“(އަހުރެމެން “ﷲ” ވަޙީކުރީމެވެ.) އޭ! ޒަކަރިއްޔާއެވެ! ހަމަކަށަވަރުން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރުދެމުއެވެ. ކަލޭގެފާނަށް ފިރިހެން ދަރިއަކު ލިބޭނޭކަމުގެ އުފާވެރި ޚަބަރެވެ. އޭނާއަށް ޔަޙްޔާއެވެ، ނަންދޭހުށި ކަމެވެ! އެކަހަލަ ރަނގަޅު ކުއްޖަކު، މީގެކުރީގައި (ކަލޭގެފާނުގެ ޢާއިލާގައި) އުޅެފައިނުވާ (ފަދަ) ކުއްޖެކެވެ!”

يَا يَحْيَىٰ خُذِ الْكِتَابَ بِقُوَّةٍ ۖ وَآتَيْنَاهُ الْحُكْمَ صَبِيًّا ﴿١٢

“(ދެން އެއަށް ފަހުގައި، ޒަކަރިއްޔާގެފާނުގެ އަންހެނުން ބަލިވެއިނދެ، ދުވަސްފުރައި ވިހައި، އެދަރިފުޅު ބޮޑުވެ ތަޞައްރުފު ފުދި ނަބީކަމައި ޙަވާލުވުމުން، އަހަރުމެން “ﷲ” އޭނާއަށް އެންގެވިއެވެ.) އޭ! ޔަޙްޔާއެވެ! އަހަރުމެން މިބާވައިލި ފޮތުގެ ޙުކުމްތައް ހިންގުމުގައި ފިސާރި ބާރައިއެކު، ވަރުގަދައަކަށް ހިފަހައްޓާ ހުރިކަމެވެ! އަދި، އަހަރުމެން ޔަޙްޔާއަށް އޭނާގެ ޒުވާން ޢުމުރުގައި ވެސް (އަރާއަރަފޯދިގެންވީ) ބުއްދިވެރިކަން ދިނީމުއެވެ.”

އާދެ! ޔަޙްޔާގެފާނުގެ މަންމައާއި ޢިމްރާންގެ އަނބިކަމަލުން ޙައްނާއަކީ، ދެބެއިންނެވެ. ޙަންނާގެ ދަރިކަލުން މަރްޔަމްގެފާނު އެންމެ ތުއްޕުޅުއިރު ބަލާބޮޑު ކުރެއްވި ބަލަދުވެރިއަކީ، ޒަކަރިއްޔާގެ ފާނެވެ.

ޔަޙްޔާގެފާނު:

ދެންނެވިފައި ވާހެން، ޒަކަރިއްޔާގެފާނައި އަލްޔަޞާބާތުގެ އެންމެ މުސްކުޅިވީ ދުވަސްވަރު، ޒަކަރިއްޔާގެ ފާނަށް ޔަޙްޔާ (JOHN THE BAPTIST, 6-2 BC – 31-36 AD) ގެފާނު ލިބިވަޑައި ގަތެވެ. ބައްޕާފުޅު ޒަކަރިއްޔާގެ ފަރާތްޕުޅުން، އެންމެމަތީ ދަރަޖައިގެ ފުރިހަމަ އިސްލާމީ ތަރްބިއްޔަތް ޔަޙްޔާގެފާނަށް ލިބިވަޑައި ގަތެވެ. ޤުރްއާންގައި ވަޙީބަސްފުޅު އައިސްފައިވާ ފަދައިން، ޔަހްޔާގެފާނު ތުއްޕުޅުއިރުން ފެށިގެން ތަރްބިއްޔަތު ވެގެންދިޔައީ، ﷲގެ ޙަޟްރަތުން އައި ކަލިމަފުޅެއް ކަމުގައިވާނެ، ޢީސާގެފާނަށް އީމާންވެވަޑައި ގަންނަވާ ބޭކަލެއް ކަމަށާއި އެކަލޭގެފާނަށް މީހުންތަބާވާ، މަތިވެރި ބޭކަލެއް ކަމަށާއި ހަޑިހުތުރު ކަންތައްތަކުން މަނާވެގަނެގެން ހުންނެވި ބޭކަލެއް ކަމަށާއި ޞާލިޙްމީހުންގެ ތެރެއިން ނަބީބޭކަލެއް ކަމަށެވެ.

ބަނީ އިސްރާއީލު މީހުންގެ ތެރޭގައި، އެމުޖްތަމަޢު ތެރޭގައި ޔަޙްޔާގެފާނު ބަލައިގަނެ ވިގެން ދިޔައީ މިހުރިހާ ސިފަތަކަކާ އެކުގައެވެ. މާތްޞާލިޙް އަޅެއްގެ ގޮތުގައެވެ. އެނ ތުއްޕުޅު އިރުވެސް، ޢިލްމައި ދޯޅުބޭފުޅެކެވެ. މޫސާގެފާނަށް ބާއްވާލެއްވުނު ތަވްރާތުގެ މައްސަލަތަކާއި ޙުކުމްތައް ރަނގަޅަށް ދެނެވަޑައިގެން މީސްތަކުންނަށް ފިލާވަޅު ދެއްވުމުގައި ދެމިހުންނެވިއެވެ. ޢުމުރުފުޅުން، 30 އަހަރުގައި އެންމެމަތީ ޢިލްމުވެރިއަކަށްވެ ވަޑައިގަތެވެ. އެދަރަޖަ ޙާޞިލް ކުރެއްވިއެވެ.

އަދި މީސްތަކުން ހެޔޮމަގަށް ގެނެސްދެއްވުމުގެ ރިސާލަތުގެ މަސައްކަތައިގެން ކުރިޔަށް ވަޑައިގަތެވެ. އަދި އެމަސައްކަތުގައި ދެމިހުންނެވިއެވެ. މީސްތަކުންގެ ރުހުން ލިބިވަޑައި ގަތެވެ. އަދި މީސްތަކުން ފާފައިންފޮހެވި ސާފުވުމަށް، ޖޯޑަންކޯރު (JORDEN RIVER) އިން މީސްތަކުން ފެންވަރުވައި ސާފުކުރައްވައި ހެއްދެވިއެވެ. މިކަމާގުޅިގެން ޔަހޫދީން ޔަޙްޔާގެފާނަށް، ޖޯން ދަ ބެޕްޓިސްޓް “ޔޫޙައްނާ މަޢްމަދާން” މިނަމުން ނަން މަޝްހޫރު ކުރިއެވެ.

އަލްމަސީޙް ޢަލައިހިއްސަލާމް (ޢީސާގެފާނު) ވެސް، ޔަޙްޔާގެ އަރިހުން، މިކަން ކުރެއްވިއެވެ. ޔަޙްޔާގެފާނާއި ޢީސާގެފާނު، މިދެބޭކަލުން، ޢުމުރުފުޅުގެ ގޮތުން، ދާދި ކައިރިއެވެ. އިންޖީލް ލޫޤާ ބުނާގޮތުގައި، މަރްޔަމްގެފާނު، ޢީސާގެފާނަށް ބަނޑުފުޅުގައި ގަރުނބަގަތީ، އަލްޔަޞާބާތު ޔަޙްޔާގެފާނަށް ގަނރުނބަގަނެ ބަނޑުފުޅަށް ހަމަހު ތެރޭގައެވެ.

ފަހެ، ޔަޙްޔާގެފާނަކީ، ޙައްޤުބަސް މުސްތަބިއްދު ޙާކިމުންގެ ކުރިމަތީގައި ވިދާޅުވުމަށް އެއްވެސް ކަހަލަ ޖެހިލުމެއްވެ ވަޑައިގަންނަވާ ބޭފުޅެއްނޫނެވެ. އަބަދުވެސް ހުރިހާ ޙާލަތެއްގައި ވެސް، ޙައްޤުބަސް ވިދާޅުވުމުގައި ދެމިހުންނެވި ބޭފުޅެކެވެ. ބުނެވޭގޮތުގައި ފަލަސްޠީނުގެ ރަސްކަމުގައި އޭރު އިންނެވި، ރޯމަނުންގެ ރަސްގެފާނު ހިރޮޑް އެންޓިޕާޓަރ (HEROD ANTIPARTER, 20 BC – 39 AD) އޭނާގެ އެއްބަޑު އެއްބަފާ ބޭފުޅެއްގެ އަންހެންދަރިފުޅައި ހިތްޕުޅާވެ، ކައިވެނި ކުރުމަށް ނިންމެވުމުން، އެކަމަކީ، ތަވްރާތްގެ ރިސާލަތުގައި ވާގޮތުން މަނާވެގެންވާ ކަމެއްކަމުގައި ދެންނެވިއެވެ. އަދި އެކައިވެންޏަށް ހުރަސްއަޅުއްވައި އެކައިވެނި ހިނގިޔަސް އެއީ އެޝަރީޢަތުގައި ބާޠިލް ކައިވެންޏެއް ކަމުގައި ކަނޑައަޅުއްވައި އެހެން ޢާއްމުކޮށް ވިދާޅުވިއެވެ.

އެހެނަސް ޔަހްޔާގެފާނުގެ ބަސްފުޅަށް ބެލުމެއްނެތި. ހިރޮޑް ރަސްގެފާނު މިކައިވެނީގެ ކަންތައް މަޖަލާއި ނެށުމުގެ ޙަފްލާތަކާއެކު ފެށުމުން، ބޮޑު ފިތުނައެއް ބަނީ އިސްރާއީލު މީހުންގެ ތެރޭގައި އުފެދުނެވެ. މަޖާކުރުމުގެ މިމަހަރްޖާން ތަކުތެރޭގައި އެމަންޖެގެ އެދުމަކަށް ޔަޙްޔާގެފާނުގެ ބޯބުރިކޮށްލުމަށް ފަހު، ތަބަކަކަށް ލައިގެން ގެނައުމަށް ގޮވާލެވުނެވެ. އިންޖީލްލޫޤާ ބުނާ ގޮތުގައި ޔަޙްޔާގެފާނު މިފިތުނައިގައި ޖަލަށްލެވި ހައްޔަރުކުރެވި، އަދި ޞަލީބަށް ނަގައި ބޯބުރިކޮށް ލެވުނެވެ.

މިފިތުނަގަނޑު ތެރޭގައި ޒަކަރިއްޔާގެފާނާއި ޔަޙްޔާގެފާނު އަވަހާރަވެ ނެތިދިއުމަށް ފަހު، ރިސާލަތައިގެން ނުކުމެ ވަޑައިގަތީ، އަލްމަސީޙް ޢަލައިހިއްސަލާމް ޢީސާގެފާނެވެ. ޢީސާގެފާނަށް ކުރިމަގުދެއްކެވި، އެދުރަކީ، ޔަޙްޔާގެފާނެވެ. ޔަޙްޔާގެފާނަކީ، ޢީސާގެފާނުގެ ރިސާލަތަށް އެންމެފުރަތަމަ ތަބާވެވަޑައިގެން ތާއީދު ދެއްވި ބޭފުޅާ އެވެ. ޢީސާގެފާނުގެ މަންމާފުޅު މަރްޔަމްގެފާނުގެ މަންމާފުޅަކީ، ޢިމްރާންގެ އަނބިކަބަލުން ޙައްނާ އެވެ.

ޔޫސުފު އަލްނައްޖާރު:

ޔޫސުފު އަލްނައްޖާރު (JOSEPH [THE CARPENTER] 19 BC – 20 AD) އަކީ، ޔަހޫދީންގެ ތެރެއިންވާ ޒުވާން ޞާލިޙް ފިރިހެނެކެވެ. މީނާ އަކީ، ޢިމްރާންގެ ދަރިކަނބަލުން މަރްޔަމްގެފާނައި ކައިވެނި ކުރުމަށް އެންގޭޖްމަންޓް ކުރެވިފައިވާ މީހާއެވެ. މިކަންއޮތީ، މަރްޔަމްގެފާނު ކުއްލިގޮތަކަށް ބަނޑުބޮޑު ވުމުގެ ކުރިން ހަމަޖައްސައި ނިމިފައެވެ.

ފަހެ، އެކަމަނާ ކުއްލިގޮތަކަށް ދަރިކަލަކަށް ގަރުނބަގެންފި ޚަބަރު ޔޫސުފް އަލްނައްޖާރަށް ލިބުމުން މީނާގެ ހިތަށް އެރިއެވެ. މިކައިވެނި މިހާހިސާބުން ނިމުމަކަށް ގެނެސް ހުއްޓާލަން ވީއެވެ. އެހެނަސް މީނާއަށް ހުވަފެނުގައި ފެންނަނީ، އެކަމަނާގެ ބަނޑުފުޅު ބޮޑުވުމަކީ އެކަމަނާގެ އަމިއްލަފުޅަށް ކުރިކަމަކުންވީ ކަމެއްނޫން ކަމަށާއި މިކައިވެނި ދޫކޮށް ނުލުމަށެވެ. ދެން، ޔޫސުފު އަލްނައްޖާރުގެ  ހިތަށްއެރިއެރުން ދޫކޮށްލައި ކުރިން ހުންނެވި ގޮތުގެ މަތީގައި ދެމިހުންނެވި އެވެ.

ޔޫސުފު އަލްނައްޖާރު އުފަންވެ ވަޑައިގަތީ ފަލަސްޠީނުގެ ބައިތުލަޙަމް (BETHLEHEM) ގައެވެ. އަދި، އަވަހާރަވެ ވަޑައިގަތީ ފަލަސްޠީނުގެ ނާޞިރާ (NAZARETH) ގައެވެ. ނަޞާރާއިން ގާތުގައި، ޔޫސުފު އަލްނައްޖާރަކީ، ކްރިސްޓިއަން އެދުރެކެވެ. އެމީހުންގެ ސެއިންޓު (SAINT) އެކެވެ. ޢިމްރާންގެ އަނބިކަނބަލުން ޙައްނާއަކީ ވެސް އެމީހުން ދެކޭގޮތުގައި އެމީހުންގެ ސެއިންޓެކެވެ.

ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމްގެފާނު:

ޢިމްރާން (JOACHIM) އަކީ، ބަނީ އިސްރާއީލު މީހުންގެ ތެރެއިން ޒަޢީމެކެވެ. ޤަދަރު އުފުލިގެންވާ މަތިވެރި ބޭފުޅެކެވެ. މޫސާގެފާނާއި ހާރޫނުގެފާނާއި މަރްޔަމްގެފާނުގެ ބައްޕާފުޅެވެ. ބައިބަލްގައި ބޭނުންކޮށް ފައިވަނީ، އަމްރާމް (AMRAM) އެވެ. އަދި ބައިބަލްގެ އަހްލުވެރިން ގާތުގައި އަމްރާންގެ އަނބި ކަނބަލުންނަކީ، ލާވީގެ ދަރިކަނބަލުން ޔޫކާބިދު (JOCHEBED) އެވެ. މޫސާގެފާނާއި ހާރޫނުގެފާނާއި މަރްޔަމްގެފާނުގެ މަންމައަކީ ވެސް މީނާއެވެ.

އެހެނަސް ޤުރްއާންގައި ވާރިދު ވެފައިވަނީ، ޢިމްރާން ގެނަމުންނެވެ. ޤުރްއާނުގައި އާލުޢިމްރާން ސޫރަތުގެ ނަންދެވިފައި އެވަނީ، މިބޭފުޅާގެ ނަމުންނެވެ. އަދި އިސްލާމީ ޢަޤީދާގައި މަރްޔަމްގެފާނުގެ މަންމައަކީ ޙިއްނާ ބިންތު ނާޤޫޛް އެވެ. ފަހެ، ޢިމްރާންގެ އަނބިކަނބަލުން ޙައްނާ (ANNE [HANNAH]) ޢުމުރުން ދުވަސްވެފައި ވަނީ، ދަރިކަލަކު ނުލިބިއެވެ.

ތަފްސީރު ޢިލްމުވެރިއެއް ކަމުގައިވާ މުޙައްމަދު ބިން އިސްޙާޤު ވިދާޅުވެފައި ވަނީ، ޙައްނާއަކީ ދުވަހަކުވެސް މިހައިތަނަށް ވިހެއި އަންހެނެއް ނޫނެވެ. އެއްދުވަހެއްގައި ވިހައިގެންއުޅޭ ދޫންޏެއް އޭގެޅަދަރިންނަށް ހާލީގައި ކާންދޭ މަންޒަރު ފެނިވަޑައި ގަތުމުން ދަރިކަލެއްގެ ޝައްޤުވެރިކަން އިންތިހާއަށް އުފެދުނީއެވެ.

ދެން ފަހެ، އިންސާނީ ޠަބީޢަތުގެ މަތިން އެކަމަނާގެ އުންމީދަކަށްވީ، ﷲ އެކަމަނާއަށް ދަރިކަލަކު ރިޒްޤު ކުރެއްވުމެވެ. އަދި މަންމައަކަށް ވީހާއަވަހަށް ވުމެވެ. މިއެދުމުގެ މަތިން، ﷲ އަށް އަވަދިނެތި އަބަދުވެސް ދަންނަވަމުން ގެންދެވިއެވެ.

އަދި، ބައިތުލް މަޤްދިސް (ހައިކަލް) މިޙްރާބްގައި، ﷲ އަށް އަޅުކަން ކުރެއްވުމުގައި ރެއާއި ދުވާލު ހޭދަކުރައްވަމުން ގެންދެވިއެވެ. ބަނޑުގައި ދަރިކަލަކު ގަނރުބަގެންފި ކަން ޔަޤީންފުޅު ވުމުން، ބައިތުލް މަޤްދިސް އަށް ޚިދުމަތް ކުރުމުގައި ދެމިހުންނެވުމަށާއި ލިބޭ ދަރިކަލުން، ﷲ އަށް އަޅުކަން ކުރުމަށް ބައިތުލްމަޤްދިސްގެ ޚިދުމަތަށް ދެއްވާނެކަމަށް ނަދުރެއް ކަށަވަރު ކުރެއްވިއެވެ. އަދި، ﷲ އަށް ދުޢާދެންނެވުން މަތީގައި ދުވަސްތަކާއި ރޭތައް ހޭދަކުރެއްވި އެވެ.

ދެން ފަހެ، ﷲ އެކަމަނާގެ ދުޢާތައް އިޖާބަކުރައްވައި ފިއެވެ. އަދި، ދަރިކަލަކަށް ގަރުނބަގަނެ، ބަނޑުފުޅުގައި އެދަރިކަލުން ތޮޅެން ފަށައިފިއެވެ. ޢިމްރާން އާއި ޙައްނާ އުފާވެރިވެ ހިތްހަމަޖެހި ވަޑައިގަތެވެ. ދަރިކަލުން ދުށުމުގެ ފޮނި އުންމީދާއި އުފަލުގައި އިންތިޒާރު ކުރަމުން ގެންދެވިއެވެ. އެހެނަސް އެކަމަނާ ވިހެއުމުގެ ކުރިން ޢިމްރާން އަވަހާރަ ވެއްޖެއެވެ. ޢިމްރާނަށް އެމާތް ދަރިކަލުން ދުށުމުގެ އުފަލުގައި ބައިވެރިވެ ވަޑައިގެންނެވޭ ގޮތްނުވެ ދުނިޔެދޫކުރެއްވީ އެވެ.

ދެން ފަހެ، ދުވަސްފުރުމުން އެކަމަނާ ވިހެއީ، އަންހެން ދަރިކަނބަލެކެވެ. ނަމަކަށް ދެއްވީ، މަރްޔަމްއެވެ. ދެން، ހައިކަލްގެ އަހްލުވެރިން، މިތުއްތު ދަރިކަލުން ބެލުމަށް ޙަވާލުވާނެ ފަރާތަކާ މެދު، ޒުވާބުދީ މަޝްވަރާކޮށް ނިންމީ ޤުރުޢަތު ލުމަށެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެދުވަސްވަރަކީ، ބަނީ އިސްރާއީލު މީހުންނަށް ވަރަށް ތަދު ދުވަސް ވަރެކެވެ.

ފަހެ، މިޤުރްޢަތުލުމުން، އެޚިދުމަތް ދިނުމަށް ހޮވުނު ބޭފުޅަކީ، ޔަހްޔާގެފާނުގެ ބައްޕާފުޅު، ޒަކަރިއްޔާގެފާނެވެ. އޭރު، ޒަކަރިއްޔާގެފާނަށް، އަދި ދަރިކަލަކު ލިބިވަޑައެއް ނުގަނެއެވެ. ހުންނެވީ، ދަރިކަލެއް ތަރްބިއްޔަތު ކުރުމުގެ އުންމީދާއި އުފަލުގައެވެ. އެހެންވެ މިކަމާ އެކަލޭގެފާނު ހިތްޕުޅާވި އެވެ.

ފަހެ، މަރްޔަމްގެފާނު ބަލާބޮޑު ކުރެއްވުމުގެ ހުރިހާ ޒިންމާއެއް ޒަކަރިއްޔާގެފާނު ނަންގަވައިގެން މިޙްރާބްގެ ޚިދުމަތުގައި ދެމިހުންނެވިއެވެ. މަރްޔަމްގެފާނަކީ، ޒަކަރިއްޔާގެފާނުގެ އަނބި ކަނބަލުންގެ ދައްތަގެ ދަރިކަލެއް ކަމުން މަރްޔަމްގެފާނަށް ކުލުނާއި ތިމާގެކަމުގެ ލޯބިއޮތެވެ.

އާދެ! މަރްޔަމްގެފާނު ފަރާތްޕުޅުން، ޒަކަރިއްޔާގެފާނަށް އާދަޔާޚިލާފު ކަންތައްތަކެއް ފެނިވަޑައި ގަތެވެ. އެކަމަނާގެ އަރިހަށް ކޮޓަރިކޮޅަށް ރިޒްޤު ބާއްވާލައްވާ ގޮތާމެދު ގައެވެ. ހޫނު މޫސުމުގެ މޭވާތައް ފިނިމޫސުމުގައި އެކަމަނާގެ ކުރިފުޅުމަތިން ފެނެއެވެ.

އަދި، ފިނި މޫސުގެ މޭވާތައް ހޫނު މޫސުމުގައި އެކަމަނާގެ ކޮޓަރިކޮޅުން، ޒަކަރިއްޔާގެފާނަށް ފެނިވަޑައި ގަނެއެވެ. އަދި، އެކޮޓަރިކޮޅަށް އެއްވެސް މީހަކުވަދެ ހަދާތަނެއް ފެނިވަޑައި ގެންފައެއް ނުވެއެވެ.

ފަހެ، ޒަކަރިއްޔާގެފާނަށް އެނގުމަކާނުލައި އެކޮޓަރިކޮޅަކީ އެއްވެސް މީހަކަށް ކައިރިވެވޭނެ ތަނެއްނޫންމެ އެވެ. މިފަދަ ކަންތައް، ތަކުރާރުވަމުން ދާތަން، ޒަކަރިއްޔާގެފާނަށް ފެނިވަޑައި ގަންނަވާތީ، މަރްޔަމްގެފާނު އަރިހުން، މިއީ ކޮންތާކުން އަންނަ ކާނާއެއްޗޯ އެއްސެވުމުން، އެހިނދު އެކަމަނާ ވިދާޅުވިއެވެ! މިއީ، ﷲގެ ޙަޟްރަތުން ދެއްވާ ރިޒްޤެވެ! ޤުރްއާންގެ އާލުޢިމްރާން ސޫރަތުގެ، 35، 36، 37، އަދި، 44 ވަނަ އާޔަތް ބައްލަވާ ލައްވާށެވެ!

إِذْ قَالَتِ امْرَ‌أَتُ عِمْرَ‌انَ رَ‌بِّ إِنِّي نَذَرْ‌تُ لَكَ مَا فِي بَطْنِي مُحَرَّ‌رً‌ا فَتَقَبَّلْ مِنِّي ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿٣٥﴾ فَلَمَّا وَضَعَتْهَا قَالَتْ رَ‌بِّ إِنِّي وَضَعْتُهَا أُنثَىٰ وَاللَّـهُ أَعْلَمُ بِمَا وَضَعَتْ وَلَيْسَ الذَّكَرُ‌ كَالْأُنثَىٰ ۖ وَإِنِّي سَمَّيْتُهَا مَرْ‌يَمَ وَإِنِّي أُعِيذُهَا بِكَ وَذُرِّ‌يَّتَهَا مِنَ الشَّيْطَانِ الرَّ‌جِيمِ ﴿٣٦﴾ فَتَقَبَّلَهَا رَ‌بُّهَا بِقَبُولٍ حَسَنٍ وَأَنبَتَهَا نَبَاتًا حَسَنًا وَكَفَّلَهَا زَكَرِ‌يَّا ۖ كُلَّمَا دَخَلَ عَلَيْهَا زَكَرِ‌يَّا الْمِحْرَ‌ابَ وَجَدَ عِندَهَا رِ‌زْقًا ۖ قَالَ يَا مَرْ‌يَمُ أَنَّىٰ لَكِ هَـٰذَا ۖ قَالَتْ هُوَ مِنْ عِندِ اللَّـهِ ۖ إِنَّ اللَّـهَ يَرْ‌زُقُ مَن يَشَاءُ بِغَيْرِ‌ حِسَابٍ ﴿٣٧

ذَٰلِكَ مِنْ أَنبَاءِ الْغَيْبِ نُوحِيهِ إِلَيْكَ ۚ وَمَا كُنتَ لَدَيْهِمْ إِذْ يُلْقُونَ أَقْلَامَهُمْ أَيُّهُمْ يَكْفُلُ مَرْ‌يَمَ وَمَا كُنتَ لَدَيْهِمْ إِذْ يَخْتَصِمُونَ ﴿٤٤

“ޢިމްރާންގެ އަންހެނުން (ﷲ ޙަޟްރަތަށް) ދެންނެވި ދެންނެވުން (ކަލޭގެފާނުން “މުޙައްމަދުގެފާނު” ކިޔައި ދެއްވާށެވެ!) އޭ! މިއަޅާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަން ބަނޑުގައިއޮތް ދަރި (އެހެން ހުރިހާ މަސައްކަތަކުން) މިނިވަންކޮށް، ﷲގެ (ގެފުޅުގެ) ޚިދްމަތަށްޓަކައި ދިނުމަށް ނަދުރުގެންފީ މެވެ. ފަހެ، ތިމަންގެ ކިބައިން މިކަން ޤަބޫލު ކުރައްވާނދޭވެ! ﷲއީ (އަޅުތަކުންގެ ދުޢާ) އައްސަވައި ވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެއެވެ. (35)

ދެން ފަހެ، އޭނާ އެކުއްޖާވިހޭ ހިނދު ދެންނެވިއެވެ. އޭ! ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ތިމަންނާ ވިހޭ ދަރިއަކީ، އަންހެން ދަރިއެކެވެ. އޭނާ ވިހެއީ ކޮންކަހަލަ ކުއްޖެއްކަން، ﷲ ދެނެވޮޑިގެން ވެއެވެ. އަދި، އަންހެން ކުއްޖާ، ފިރިހެން ކުއްޖާއާއި އެއްފަދައެއް ނޫނެވެ. (އޭނާ ދެންނެވިއެވެ.) ތިމަންނާ އެކުއްޖާއަށް މަރްޔަމްއެވެ، ކިޔައި ނަންދީފީމެވެ. އަދި، ﷲގެ ރަހްމަތުން ބޭރުވެގެންވާ ޝައިޠާނުގެ ކިބައިން އެކުއްޖާއާއި އެކުއްޖާގެ ދަރިކޮޅު ރައްކައުތެރިކޮށް ދެއްވުމަށް، ﷲ އަށް އެދި ދަންނަވަމެވެ. (36)

ދެން ފަހެ، އެކުއްޖާ ހައްދަވައި ބޮޑު ކުރައްވާ ރަސްކަލާނގެ (އެކުއްޖާގެ މަންމަގެ ކިބައިން) ރިވެތި ގޮތެއްގައި އެކުއްޖާ ޤަބޫލް ކުރައްވައި، އަދި ފުރިހަމަ ރިވެތި ގޮތެއްގައި އެކުއްޖާ ބޮޑު ކުރައްވައި ފިއެވެ. އަދި އެކުއްޖާގެ ކަންތަކައި، ޒަކަރިއްޔާގެފާނުން ޙަވާލުވެވަޑައި ގެންފިއެވެ. އަދި (މަރްޔަމްގެފާނު) އެތާނގައި އިންނަވަނިކޮށް، އޭނާގެ އަރިހަށް ޒަކަރިއްޔާގެފާނު، ވަދެވަޑައި ގަންނަވާ ކޮންމެފަހަރަކު، އޭނާގެ އަރިހުގައި ކާތަކެތި ހުއްޓާ ދެކެވަޑައި ގަނެއެވެ.

އޭނާ (މަރްޔަމްގެފާނަށް) ވިދާޅުވިއެވެ އޭ! މަރްޔަމުއެވެ! މިތަކެތި ކަނބުލޭގެފާނަށް ލިބެނީ ކިހިނަކުން ހެއްޔެވެ؟ (މަރްޔަމްގެފާނުން) ވިދާޅުވިއެވެ! އެއީ، ﷲގެ ޙަޟްރަތުންނެވެ! ހަމަކަށަވަރުން، ﷲ އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އެއްވެސް ހިސާބަކައި ނުލައި ރިޒްޤު ދެއްވައެވެ. (37)”

“މިވާހަކަ ތަކަކީ، ޣައިބުގެ ތެރޭން ހިމެނޭ ވާހަކަ ތަކެކެވެ. ތިމަން ﷲ އެވާހަކަތައް ކަލޭގެފާނަށް ވަޙީއިން އަންގަވަނީއެވެ. ފަހެ، އެމީހުން (ގެ ތެރެއިން މަރްޔަމްގެފާނު ބެލުމައި ޙަވާލުވާނޭ މީހަކު ހޯދުމަށްޓަކައި ޤުރްޢަތުލުމުގެ ގޮތުން) އެމީހުންގެ ޤަލަންތައް އެއްލިހިނދު އެމީހުންގެ ގާތުގައި ކަލޭގެފާނެއް ނެތީމެވެ. އަދި، އެމީހުން އެމީހުންނައި ދެބަސްވެ ޚިލާފުވީ ހިނދުގައި ވެސް، އެމީހުންގެ ގާތުގައި ކަލޭގެފާނެއް ނެތީމެވެ. (44)”

އާދެ! ޢިމްރާން ދުނިޔެ ވަޑައިގަތީ، ޤުދުސްގައެވެ. އަދި، އަވަހާރަވެ ވަޑައިގަތީ ވެސް، ޤުދުސްގައެވެ. ޢިމްރާންގެ އަނބި ކަނބަލުން ޙައްނާ އަކީ، މަރްޔަމްގެފާނުގެ މަންމާފުޅެވެ. މަރްޔަމްގެފާނަކީ، ޢީސާގެފާނުގެ މަންމާފުޅެވެ. ޢީސާގެފާނުގެ ކާފައާއި މާމާފުޅަކީ، ޢިމްރާނާއި ޙައްނާއެވެ. ޤުރްއާންގައިވާ ގޮތުން، މަރްޔަމް އަކީ، ހާރޫންގެފާނުގެ އުޚްތެވެ. ދައްތައެވެ. އަދި މޫސާގެފާނުގެ ވެސް ދައްތައެވެ. ފަހެ، އެއީ ޢިމްރާނުގެފާނުގެ ޢާއިލާއެވެ. މާތްވެގެންވާ ޢާއިލާއެކެވެ.

ޢީސާގެފާނު:

މަރްޔަމްގެފާނު އާދައިގެ މަތިން، ބައިތުލްމަޤްދިސް މިޙްރާބުގައި އިޢްތިކާފަށް އިންނަވަނިކޮށް، އެއްދުވަހު ކުއްލިއަކަށް ކުރިފުޅުމަތީގައި މީހަކު ހުއްޓިހުއްޓައި ފެނިވަޑައި ގަތެވެ. އެހިނދު ހިތްޕުޅަށް އަރާވަޑައި ގަތެވެ. އަދި ސުވާލުތައް އުފެދުނެވެ. ތިމަންކަމަނާ ގިނިކަންޏާ ވަނިކޮށް މިފެނުނީ ކާކުބާވައެވެ. ކީއްކުރަންއައި ބޭފުޅެއް ބާވައެވެ. ފަހެ، އެބޭކަލަކު، އެކަމަނާއަށް ބަސްފުޅު ދެންނެވުމުން،  އިންތިހާއަށް ޢަޖައިބުވެ ވަޑައިގަތެވެ.

އެކަމާގުޅިގެން ޤުރްއާންގައި ވަނީ މިފަދައިންނެވެ! މަރްޔަމް ސޫރަތުގެ، 19 ވަނަ އާޔަތް ބައްލަވާށެވެ!

قَالَ إِنَّمَا أَنَا رَسُولُ رَبِّكِ لِأَهَبَ لَكِ غُلَامًا زَكِيًّا ﴿١٩

“(އެ މަލާއިކަތާ ބުންޏެވެ:) އަހުރެންނަކީ ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި ރަސޫލެކެވެ! (އެކަލާނގެ ވަޙީކުރައްވައެވެ:) އަހުރެން ކަމަނާއަށް، އުޅުން މަތި، (ނުހަނު) ޠާހިރު، (ޞާލިޙު) ފިރިހެން ދަރިފުޅަކު ދެއްވާ ވޮޑިގަންނަވާ ހުށީމެވެ!”

ދެން ފަހެ، އެހިނދު މަރްޔަމްގެފާނަށް، ސިހުމާއެކު ގަދައަޑުން ވިދާޅުވެވުނީ، މިފަދައިންނެވެ! އެ ސޫރަތުގެ، 20 ވަނަ އާޔަތް ބައްލަވާށެވެ!

قَالَتْ أَنَّىٰ يَكُونُ لِي غُلَامٌ وَلَمْ يَمْسَسْنِي بَشَرٌ وَلَمْ أَكُ بَغِيًّا ﴿٢٠

“(އެ ކަމަނާ ބުންޏެވެ:) އަޅާއަށް ދަރިއަކު، ލިބޭހުށީ ކޮންއިރަކުން ތޯއެވެ؟ އަދި މިވީހައިތަނަށް ދުވަހަކު ވެސް، އަޅުގެ ގައިގައި، އެއްވެސް ބަޝަރަކު (އިންސާނަކު) ޖެހިފައެއް ނުވެއެވެ! އަދި، އަޅު އަބުރުނެތް ގޮތެއްގައި ނުމެއުޅެން މެއެވެ!”

ދެން އެހިނދު އެމަލާއިކަތާ ޖަވާބުގައި މަރްޔަމްގެފާނަށް ދެންނެވިއެވެ! އެ ސޫރަތުގެ، 21 ވަނަ އާޔަތް ބައްލަވާށެވެ!

قَالَ كَذَٰلِكِ قَالَ رَبُّكِ هُوَ عَلَيَّ هَيِّنٌ ۖ وَلِنَجْعَلَهُ آيَةً لِّلنَّاسِ وَرَحْمَةً مِّنَّا ۚ وَكَانَ أَمْرًا مَّقْضِيًّا ﴿٢١)

“އެ މަލާއިކަތާ ބުންޏެވެ: ތިޔަހެންމެ ހެއްޔެވެ! ނަމަވެސް، ކަމަނާގެ ވެރި ރަސްކަލާނގެ ވަޙި ކުރައްވައެވެ: އެއީ އަހުރެންނަށް، ދާދި ފަސޭހަ ކަމެކެވެ! އަދި، (ދަންނައެ!) އަހުރެމެން، (ކަމަނާގެ) އެދަރިފުޅަކީ، އަހުރެމެންގެ ޙަޟްރަތުން މީސްތަކުންގެ ގާތަށް، ފޮނުވި ނިޝާނަކަށް އަދި، ރަހްމަތެއް ކަމުގައި، ލާހުށީމުއެވެ! އަދި، (ދަނެއު!) މިއީ، އަމުރުވެވިގެން ނިމިގެންވާ ކަމެކެވެ!”

ﷲ މިދެއްވި ރިޒްޤުފުޅަށް މަރްޔަމްގެފާނު ހިތުގެ އެންމެފުންމިނުން ރުހިވަޑައި ގަތެވެ. ދެން، އެމަލާއިކަތާ އެކަމަނާގެ ލިބާސްކޮޅުގެ ޖީބަށް، ފުމެލެއްވި ހިސާބުން އެކަމަނާގެ ބަނޑުފުޅުގައި ދަރިފުޅަކު ގަރުނބަގެން ފިއެވެ. ފަހެ، އެއީ ޢީސާގެފާނެވެ!

ޤުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ، 91 ވަނަ އާޔަތް ބައްލަވާށެވެ!

والَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهَا مِن رُّوحِنَا وَجَعَلْنَاهَا وَابْنَهَا آيَةً لِّلْعَالَمِينَ ﴿٩١

“އަދި، އެބޭކަނބަލެއްގެ ފަރްޖު ރައްކައުތެރި ކުރެއްވި، (މަރްޔަމްގެފާނު) ތިމަން، ﷲ ފޮނުއްވި ރޫޙުފުޅަ ކުން، އެކަނބުލޭގެފާނުގެ ބަނޑުފުޅު ބޮޑުކުރެއްވީމެވެ. އަދި، އެކަނބުލޭގެފާނާއި އެކަނބުލޭގެފާނުގެ ދަރިކަލުން، (ޢީސާގެފާނު) ޢާލަމްތަކަށް ފާޅުވެހުރި (ކުޅަދުންވަންތަ ކަމުގެ) އާޔަތެއް ކަމުގައި ލެއްވީމެވެ.”

ދެންފަހެ، ސުވާލަކީ، މިޙަޤީޤަތްތައް ދަނެނެތްމީހާ، ޚިޔާރުކުރާނެ މަގަކީ، ކޮބައޮތޯއެވެ؟ ހިތަށް އަރާއި ފައިބައިގެންދާނެ ވަސްވާސް ތަކާއި ވަހުމްތަކަކީ، ކޮބައިތޯއެވެ؟ ﷲގެ ޤުދްރަތީ މިހަމަތަކުގެ މަތިން، މަރްޔަމްގެފާނުގެ ބަނޑުފުޅުގައި، ޢީސާގެފާނު ގަރުނބަގަނެ، ހެދިބޮޑުވާން ފަށައިފިއެވެ!

ދެން ފަހެ، އެކަމަނާގެ ވިސްނުން ފުޅުތައް ގިނަގުނަވެ، އެކިގޮތްގޮތަށް އެނބުރޭން ފަށައިފިއެވެ. ޙަޤީޤަތްދަނެ ނެތް އެކިފަރާތްތަކުން އުފައްދާނެ ވަހުމްތަކާއި ސުވާލުތަކާއި އެކިމީހުންގެ ފިކުރުތައް ހުންނާނެ ގޮތްތަކާ މެދު، ވިސްނުންފުޅު ގިނަވެއްޖެއެވެ!

ދެން، އެހިނދު އެކަމަނާ ބައިތުލްމަޤްދިސުން ނުކުމެވަޑައިގެން، ނާޞިރާއޭ ކިޔުނު ޝަހަރަށް ވަޑައިގެން ކުޑަޖިފުޓިއެއްގައި، މީސްތަކުންނައި ވަކިން، މަޑުކުރެއްވިއެވެ. އަދި، އެއަށްފަހުގައި، ޔޫސުފުއަލްނައްޖާރުއާ އެކު، ފަލަސްޠީނުގެ އެހެންރަށެއް ކަމުގައިވާ، ބައިތުލްލަޙްމަށް ވަޑައިގަތެވެ.

ފަހެ، އެކަމަނާގެ ބަނޑުފުޅަށް ދުވަސްހަމަވެ، ވިހެއުމުގެ ތަދުތައް އިޙްސާސް ކުރައްވަން ފެއްޓެވުމުން، އެކަމަނާ ގިނިކަންޏައި ހިކި ކަދުރު ރުކެއްގެ ދަށަށް ނުކުމެވަޑައި ގަތެވެ. ދެން އެކަދުރުރުކުގެ ދަށުގައި އެކަމަނާ، ޢީސާގެފާނު ވިހެއީއެވެ. މާތްވެގެންވާ ދަރިކަލުން ފެނިވަޑައިގަތުމުން، ހިތްހަމަޖެހި ވަޑައިގަނެ، ހިތްޕުޅާވެ އުފާކުރެއްވިއެވެ. އެހެނަސް ޤައުމުގެމީހުން ސިފަކުރާނެ ގޮތަކާމެދު، ފިކުރުބޮޑުވެ ވަޑައިގެން ވިދާޅުވިއެވެ!

ޤުރްއާނުގެ މަރްޔަމް ސޫރަތުގެ، 23 ވަނަ އާޔަތް ބައްލަވާށެވެ!

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا ﴿٢٣

“ދެން، (އެދަތުރުމަތީގައި) އެކަމަނާއަށް ވިހެއުމުގެ ވޭންވަރު އައިސް ޖެހުމުން، ކަދުރު ރުކެއްގައި ހިފަހައްޓައި ގެން އޮށޯވެ، އިންނާން ޖެހުނެވެ! ދެން، (ވޭންވަރު ނަގައި ގަތީމައި) އެކަމަނާއަށް ބުނެވުނެވެ: ސަހަރޯއެވެ! މިކަން ޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތި ގޮސްފައިވީ ނަމައެވެ!”

މިއަށްފަހު، ދެން އެކަމަނާ، ވިސްނައި ވަޑައިގަތީ، ކެއުމާއިބުއިމުގެ މައްޗަށެވެ. ތުއްޕުޅު ދަރިކަލުންނަށް ކިރުފޮދު އަރާފުރިފައި ހުއްޓެވެ. ފަހެ، އެހިނދު މަލާއިކަތްބޭކަލަކު، އެކަމަނާއަށް ގޮވާލެއްވި އަޑުފުޅު އިވިވަޑައި ގަތެވެ.

ހަމަ އެސޫރަތުގެ، 24 ވަނަ އާޔަތުން ފެށިގެން، 26 ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާށެވެ!

فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ﴿٢٤﴾ وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿٢٥﴾فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا ﴿٢٦

“ދެން، އެކަމަނާއޮތް ބިމަށްވުރެ ތަންކޮޅެއް ތިރީން، އެކަމަނާއަށް ނިދާއެއް އަޑުއިވުނެވެ: (ކަންބޮޑުވެ) ހިތާމަނުކުރާ ހުށިކަމެވެ! ހަމަ ކަށަވަރުން، ކަމަނާގެ ވެރި ރަސްކަލާނގެ ކަމަނާ ތިޔައޮތް ބިމަށްވުރެން ތަންނޮޅެއް ތިރީން، ފެންއާރެއް އޮހެރޭނޭގޮތް ވަނީ، ހަމަޖައްސަވައި ނިންމަވައިފައެވެ. (24)

ވީއިރު، ތިޔަކަދުރު ރުކުގައި ހިފާފައި ކަމަނާއާއި ދިމާއަށް ހަލުވައިލާހުށި ކަމެވެ! އެއިރުން، ދޮންވެ ފައްކާވެފައި އެހުރި ކަދުރުތައް، ކަމަނާގެ ކައިރިއަށް އެޅޭނެއެވެ. (25)

ދެން، އެކަދުރުކައި ތިޔައޮތްފެން އާރުން ފެންބޮއި، އަދި، މޫނުދޮވެ، ލޮލަށް ފިނިކޮށް، ހިތްހަމަ ޖައްސާހުށި ކަމެވެ! ދެން، ކަމަނާއަށް މީހަކު ފެނިއްޖެނަމަ، ބުނާށެވެ: ހަމަކަށަވަރުން، އަހުރެން މިއިނީ، ރަހްމާނުވަންތަ ރަސްކަލާނގެ ކިބައަށް ރޯދަހިފުމަށް ނަދުރު ގަނެގެންނެވެ! ވީމައި، އަދު އަހުރެން، އެއްވެސް މީހަކާއި ވާހަކަދައްކައި އުޅޭކަށް ނެތީމެވެ! (26)”

ފަހެ، ﷲގެ ކުޅަދުންވަންތަ ކަމާއެކު، އެކަމަނާއަށް، ﷲގެ ހިޔާވަހިކަމާއި ކެއުމާއި ބުއިމުގެ އެންމެހާކަންކަން ޙައްލުވެގެން ދިޔައެވެ. ﷲގެ ރަޙްމަތާއި އޯގާވަންތަ ކަމުގެ ކޮޅެއްނެތެވެ. ދެން އޮތީ ޤައުމުގެ މީސްތަކުން ތެރެއަށް އެކަމަނާ ނުކުމެ ވަޑައިގަތުމުން، އެބައިމީހުން ކުރިމަތި ކުރާނެ ތުހުމަތުތަކުގެ މައްސަލަ އެވެ. އަދި އެ ތުހުމަތުތަކައި ކުރިމަތި ލައްވާނެ ގޮތެކެވެ؟

ހަމަ އެސޫރަތުގެ، 27 ވަނަ އާޔަތާއި، 28 ވަނަ އާޔަތަށް ބައްލަވާށެވެ!

فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْ‌يَمُ لَقَدْ جِئْتِ شَيْئًا فَرِ‌يًّا ﴿٢٧﴾ يَا أُخْتَ هَارُ‌ونَ مَا كَانَ أَبُوكِ امْرَ‌أَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨﴾

“އެކަމަނާ އޭނާ (ޢީސާގެފާނު) ގޮވައިގެން، ސަވާރީއެއް މަތީގައި އޭނާގެ ޤައުމުގެ މީހުންގެ ގާތަށް އައެވެ. ފަހެ، އެއުރެން ބުންޏެވެ: އޭ! މަރިޔަމް އެވެ! ކަމަނާ ތިޔަގެންނެވި (ނަބީކަމުގެ ދަޢްވާއަކީ) ޢަޖައިބުވާ ފަދަ އެއްޗެކެވެ. (27)

އޭ! ހާރޫނު (ގެފާނުގެ) ޢާއިލާއިން ވަޑައިގެން އިންނެވި އުޚްތާއެވެ! ކަމަނާގެ ބައްޕައަކީ، ނުބައި މީހެއްނޫނެވެ. އަދި ކަމަނާގެ މަންމައަކީ، އަޚްލާޤު ގެއްލިފައިވީ އަންހެނެއް ވެސް ނުމެ ނޫންމެއެވެ. (28)”

ޤައުމުގެ މަގުފުރެދިފައި ތިބި މީހުންގެ މިވާހަކަތަކަށް ޖަވާބެއް ދެއްވުމަށް ޓަކައި މަލާއިކަތުން އެކަމަނާއަށް އުގަންނައި ދެއްވިއެވެ. ބަސްފުޅެއް ވިދާޅުނުވެ މަޑުން ހުންނެވުމަށް ފަހު، ތުއްޕުޅު ދަރިކަލުންނަށް އިޝާރަތްކޮށް ލެއްވުމަށް ދެންނެވުމުން އެކަމަނާ އެކަން ކުރައްވައި، އެމުޢުޖިޒާތް އެޤައުމުގެ މީހުންނަށް ދެއްކެވިއެވެ. ފަހެ، މިވާހަކަތައް މިވަނީ މިސޫރަތުގެ، 26 ވަނަ އާޔަތުގެ މާނާގައި ގެނެސްދެވިފައެވެ.

ދެން ފަހެ، އެކަމަނާގެ ތުއްޕުޅު ދަރިކަލުން، ޢީސާގެފާނަށް އިޝާރާތްކޮށް ލެއްވުމާއެކު، އެތުއްތު ތުއްތުކުއްޖާ ޅަފަތުގައި އޮވެ ވާހަކަ ދެއްކެވީއެވެ. މިކަންތައް ޤައުމުގެ މީހުންނަށް މުޢުޖިޒާތް އަކަށް ވެގެން ދިޔައެވެ. މިއީ، ﷲ އެމީހުންނަށް ދެއްކެވި ބޮޑުވެގެންވާ މުޢުޖިޒާތް އެކެވެ. މާއްދީ ގޮތުން ކުރިމަތީގައި ހަމަލޮލަށް ފެންނަގޮތަށް ދެއްކެވި މުޢްޖިޒާތް އެކެވެ. އެމީހުން މިކަންކަމާ ހެދި އީމާންވެ ތެދުމަގަށް އާދޭތޯއެވެ.

ހަމަ އެސޫރަތުގެ، 29 ވަނަ އާޔަތުން ފެށިގެން، 33 ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާށެވެ!

فَأَشَارَ‌تْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا ﴿٢٩﴾ قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴿٣٠﴾ وَجَعَلَنِي مُبَارَ‌كًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾ وَبَرًّ‌ا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارً‌ا شَقِيًّا ﴿٣٢﴾ وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴿٣٣﴾

“ފަހެ، (ޖަވާބު ދިނުމަށް) އެކަމަނާ އިޝާރަތްކޮށް ލެއްވީ، އެކަމަނާގެ ދަރިފުޅު (ޢީސާގެފާނު) އައި ދިމާއަށެވެ. އެއުރެން (މަލާމާތުގެ ގޮތުގައި) ބުންޏެވެ: ބަލަ! އަހުރެމެން (މިތިބަ ދުވަސްވީ ބޮޑެތި ޢިލްމުވެރިން) ނަށް، އުނގުގައި އިން ޅަކުއްޖަކައި (މިބާވަތުގެ) ވާހަކަ ދެއްކޭނީ، ކިހިނަކުން ހެއްޔެވެ؟ (29)

ނަމަވެސް އޭނާ (މަރިޔަމްގެ ދަރިފުޅު، ޢީސާގެފާނު) ޖަވާބު ދެމުން ބުންޏެވެ: ހަމަކަށަވަރުން އަހުރެންނަކީ، ﷲގެ އަޅަކީމެވެ! އެކަލާނގެ މިއަޅާއަށް ފޮތް (އިންޖީލް) ބާވައިލައްވައި، އަޅާއަކީ، ނަބީ އަކަށް ހެއްދެވިއެވެ! (30)

އަދި ކޮންމެ ތަނަކުގައި އަޅާއީ ބަރަކާތްލެއްވި އަޅަކަށް ހައްދަވައި ފިއެވެ! އަދި، އަހުރެން ދިރިދެމިހުރިހައި ހިނދަކު، ނަމާދު ކުރުމާއި ޒަކާތްދީ އުޅުން، އެކަލާނގެ އަހުރެންގެ މައްޗަށް ފަރްޟު ކުރައްވައި ފިއެވެ! (31)

އަދި އަހުރެންގެ މަންމާއަށް ހެޔުކޮށް ހިތުމަށް ވެސް (އެކަލާނގެ އަހުރެއްނަށް އަމުރު ކުރައްވާފައި ވެއެވެ!) އަދި، އަހުރެންނަކީ، ބަރަކާތް ތެރިކަމުން ކެނޑިގެންވާ ޖައްބާރަކު ކަމުގައި ނުލައްވަތެވެ! (32)

އަދި، އަހުރެން (ދުނިޔެ މައްޗަށް) ވިހެއި ދުވަހު ގައްޔާއި މަރުވާނޭ ދުވަހުގައްޔާއި އަލުން އަނެއްކާ ފުރާނަ އަޅުއްވައި، ނަންގަވާނޭ ދުވަހުގައި ވެސް، އަހުރެއްނެ މައްޗަށް (އެކަލާނގެ ޙަޟްރަތުން) ސަލާމް ލިބިގެންވާ ހުށިމެއެވެ! (33)”

ފަހެ، މަގުފުރެދިފައި ތިބި، ބަނީ އިސްރާއީލު މީހުންގެ ތެރެއިން މިވާހަކަތައް ޤަބޫލްކުރީ ވަރަށް މަދު ބައެކެވެ. ދެން ތިބި ގިނަމީހުން ދުށީ، ސިހުރު ހާހޫރައިގެ ކަމެއް ކަމަށެވެ. ލޯތަކަށް އޮޅުވާލެވުނު، ފަންޑިތަ ވެރިކަމުގެ އޮޅުވާލުމެއް ކަމަށެވެ.

ފަހެ، ބަނީ އިސްރާއީލުގެ ގިނަމީހުން ދެމިތިބީ، މިގޮތުގެ މަތީގައެވެ. ﷲ ދެއްކެވި، މިމުޢުޖިޒާތް ޤަބޫލެއް ނުކުރިއެވެ. މިއޮއިވަރުގެ މަތީގައި ތިބެ، މަގުފުރެދިގެން ދިޔައީއެވެ. ﷲގެ ކޯފާއަށް އަނެއްކާ ވެސް ހުށައެޅިގަތީ އެވެ. ބަހަނާ ވާހަކަތައް އުފައްދައިގެން ފެތުރީއެވެ. ޢީސާގެފާނަކީ، ބައްޕައަކު ނެތް ދަރިއެއް ކަމުގައި ނިސްބަތްކޮށް ގަތީއެވެ. އަދި މަރިޔަމް ގެފާނަކީ، ބޮޑު ބުހުތާނެއް ހެއްދެވި ކަމަނާއަކަށް ސިފަކޮށް ޤަބޫލުކޮށް ގަތީއެވެ. ފަހެ، މިމީހުންނަކީ ތެދުމަގު ޤަބޫލު ކުރާނެ ބައެއްނޫނެވެ. މަގުފުރެދިގެންވާ ބައެކެވެ.

މިތާގައި ސުވާލުކޮށް ވިސްނާލަން ޖެހެނީ، މިމީހުންގެ ގާތަށް ނަބީއަކު، މިފަދަ މުޢުޖިޒާތަކާ އެކު ފޮނުއްވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ ޢީސާގެފާނު ބައްޕައަކައި ނުލައި، އުފެއްދެވުމުގެ ޙިކްމަތަކީ ކޮބައިތޯއެވެ؟ މި ސުވާލަށް ބައެއް ޢިލްމުވެރިން ޖަވާބު ދެއްވައި ލިޔުއްވާފައި ވެއެވެ. އެގޮތުން އަޒްހަރު ޔުނިވަރސިޓީގެ ތިޔޮލޮޖީ ކޮލެޖްގަޔާއި ކައިރޯ ޔުނިވަރސިޓީ ގައި ޕްރޮފްސަރުކަން ކުރައްވާފައިވާ، އަލްއުސްތާޒް މުޙައްމަދު އަބޫ ޒަހްރާ (MUHAMMAD ABU ZAHRA, 1898 – 1974) ރަޙިމަހުﷲ ތަޢާލާ، ވިދާޅުވެފައި ވަނީ، މިފަދައިންނެވެ.

“ޢީސާގެފާނު ބައްޕައަކައި ނުލައި އުފަން ކުރެއްވުމުގައި ބޮޑުވެގެންވާ ޙިކްމަތެއް ވެއެވެ. ބަނީ އިސްރާއީލު މީހުން (ޔަހޫދީން) ނަކީ، ސަބަބައި އަދި، ސަބަބު މެދުވެރިވާ ގޮތައި ގުޅުވައިގެން، ރޫޙާނީ ވިސްނުމެއްގެ ބަދަލުގައި މާއްދީ ޢަޤީދާއެއް ގެންގުޅޭ ވަރަށް މާއްދީ ވިސްނުމެއްގެ ބައެކެވެ. އެމީހުންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަ ފަލްސަފާއަކީ، މުޅިކައުނު އެންމެފުރަތަމަ އުފެދުމުގައި ވެސް މާއްދީގޮތުން، ޢިއްލަތްތަކެއް ގުޅިފައިވާ ކަމަށެވެ. ޤުދްރަތީ ބާރަކުން އުފެދިގެންއައި ކަމެއް ނޫންކަމަށެވެ.

ފަހެ، އެހިނދު، ﷲ ކަނޑައަޅުއްވައި ނިންމެވީ އެކަލާނގެ ޤުދްރަތްފުޅަކީ، ސަބަބައި އަދި، ސަބަބު މެދުވެރިވާ ހިނދުގައި ވެދާނެ އެއްޗެއްކަން ހާމަކޮށް ދެއްވުމަށެވެ. ﷲގެ ޤުދްރަތްގެ އެޤާނޫނަކީ، ސަބަބު މެދުވެރިވާނެ މާއްދީގޮތެއް ނެތަސް، ﷲގެ ވާގިފުޅާއި އިރާދަކުރެއްވުމުން ކަމެއްވާށޭ އަމުރުކުރެއްވުމުން އެކަމެއް ވެދާނެކަމެވެ. އެމަތިވެރި ޤުދުރަތީ ހަމަތަކުގެ، އިލާހީ ވަންތަކަމުގެ މަތިން، ﷲ ޢީސާގެފާނު ބައްޕައަކައި ނުލައި އުފެއްދެވީއެވެ.”

ފަހެ، ޔަހޫދީންގެ މާއްދިޔަތުގެ ތެރެއިން، ރޫޙާނިއްޔަތާއި ރޫޙަށް އިންކާރުކުރުން ހިމެނެއެވެ. އަދި އެމީހުންގެ ޢަޤީދާ ބިނާކޮށް ވަރުގަދަކޮށް ފައިވަނީ، އިންސާނާއަކީ އަސާސީ ބާރެއް އަދި ވަކި މާއްދާއެއް ނެތި، ﷲ ޚަލްޤުކުރައްވަން ބޭނުންފުޅު ވީމާ، ޒައްރާއަކުން އުފެދިފައިވާ ޒައްރާތަކެއްގެ މާއްދާއެއް، ނުވަތަ އެއްޗެއް އުފެދެނީ ކަމަށެވެ. މިއީ ރޫޙާނިއްޔަތައި މުޅިން ޚިލާފު ޢަޤީދާއެކެވެ. ބާތިލް ވިސްނުމެކެވެ.

ޢީސާގެފާނު ބޮޑުފުޅުވުން:

ޢީސާގެފާނު ބޮޑުފުޅުވުމައި ގުޅޭގޮތުން މާގިނަ މަޢްލޫމާތުތަކެއް، ފޮތްތަކުން ފެންނާކަށް ނެތެވެ. އިސްފާދިރީން ވިދާޅުވެފައިވަނީ، ތުއްޕުޅުދުވަސް ވަރުން ފެށިގެން ރިސާލަތައި ގެން ފޮނުއްވުމައި ހަމައަށް، މިދޭތެރޭގެ ޙަޔާތްޕުޅާގުޅޭ ވާހަކަތައް ވާރިދުވެފައި ވާލެއް ވަރަށް މަދުކަމަށެވެ. ތިޖާރަތާއި ވިޔަފާރީގައި، އެޒަމާނުގެ އެހެން ކުދިންނެކޭ އެއްގޮތަށް އުޅުއްވިކަމަށް ވެއެވެ.

އެންމެ ތުއްޕުޅުއިރު، އެކަލޭގެފާނަކީ، އިސްރާއީލުގެ ދަރީންނަށް ތެދުމަގު ދެއްކެވުމަށް ފޮނުއްވުނު ނަބީއެއް ކަމުގައި، ﷲ ވަނީ މުޢުޖިޒާތެއްގެ ގޮތުގައި އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅުން ޢާންމުކުރައްވާފައެވެ. ބަނީ އިސްރާއީލުގެ ޤައުމަށް ޢާންމުކޮށް ދީފައެވެ. ބޮޑުފުޅު ވަމުން ދިޔަދިޔަހެން، ނުބުއްވަތުގެ ޢަލާމަތްތައް އިތުރުވަމުން ދިޔައެވެ.

ޢުމުރުން އެންމެ، ބާރަ އަހަރުގައި މަންމާފުޅު އަރިހުގައި ނާޞިރާއިން ނުކުންނަވައި ޤުދުސްއަށް ވަޑައިގަތެވެ. އަދި މިޙުރާބަށް ވަންނަވައި އެއްވެފައި ތިއްބެވި މީސްތަކުންނަށް ނުބުއްވަތުގެ ފުރަތަމަ ޚުތްބާ އިއްވެވިއެވެ. ﷲގެ ރައްބާނީ ވަންތަކަމާއި ކުޅަދުންވަންތަކަން ހާމަކޮށް ދެއްވިއެވެ. ޔަހޫދީ ބޮޑުން މިކަމައި ޢަޖައިބެވެ މިކަން ހިތުތެރޭގައި ސިއްރުކޮށް، އެކަލޭގެފާނައި ދެކޮޅަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ފަށައިގަތެވެ.

ޢީސާގެފާނު ތުއްޕުޅު އިރުންފެށިގެން ފާހަގަ ކުރެވިފައި ވަނީ، ވަރަށް ވިސްނުންތޫނު ޚުލްޤުހެޔޮ ހިތްޕުޅުތިރި ބޭފުޅެއްގެ ގޮތުގައެވެ. ހުށައެޅޭ އަދި ދިމާވާ ކަންކަމުގައި ވަރަށް ފުންކޮށް ވިސްނަވައި ހައްދަވާކަމަށް ވެއެވެ. އަދި އެކަމެއް އެކުގައި ސިކުނޑިއަށް ނަގައިގަނެވެންދެން ސުވާލުކުރައްވައި އޮޅުންފިލުވައި ހައްދަވައެވެ. މުދައްރިސުންނާއި ވެރިންގެ ޙުކުމްތައް އަޑުއިވޭގޮތަށް ޤަބޫލުކުރެއްވުމުގެ ބަދަލުގައި ބަޙުޘްކޮށް ހެޔޮމަގަށް ވާޞިލް ވުމަށް މަސައްކަތް ކުރައްވައެވެ.

މޫސާގެފާނުގެ ފޮތް ތައުރާތުގެ ޙުކުމްތައް ފުރިހަމައަށް އުގެނިވަޑައި ގަތެވެ. އަދި ޤައުމުގެ މީހުން، އިސްރާއީލުގެ ދަރީންނަށް ތިބި އަނދިރިކަމާއި އަނިޔާވެރިކަން ދެނެވަޑައި ގަނެ، އެކަމާ ހެދި ހިތާމަކުރެއްވިއެވެ. އިސާގެފާނު ބައިތުލްމަޤްދިސް އަށް ދޫކުރައްވައި މަންމާފުޅު ވަޑައިގަތީ ގެއަށެވެ. މިހާހިސާބުން ޢީސާގެފާނައި ﷲ ޙަވާލުކުރެއްވި ނަބީކަމުގެ ރިސާލަތައިގެން ކުރިޔަށް ވަޑައިގަތެވެ.

ޢީސާގެފާނު ނަބީކަމައިގެން ފޮނުއްވުނު އިރު ބަނީ އިސްރާއީލު މީހުންތިބިގޮތް:

އެދުވަސްވަރަކީ، މޫސާގެފާނުގެ ޝަރީޢަތް އެގޮތްމިގޮތަށް ބަދަލުކޮށް ހަދާފައިވާ ޒަމާނެވެ. މީސްތަކުން ވަނީ، މުދާވެރުވުމަށް އިސްކަންދީ މުދާ އެއްކުރުމުގައި ރެއާއި ދުވާލު ޝާމިލްވެ އަވަދިނެތިފައެވެ. ޢާލިމުންނާއި ފާދިރީންގެ ޢަޤީދާވަނީ ފާސިދުވެ، މާއްދިއްޔަތަށް ބަދަލުވެ، ރޫޙާނިއްޔަތައި ވަރަށް ދުރުގައެވެ.

ފާފަތަކުން ސަލާމަތްވުމަށް ބޮޑުންނަށް ނަދުރުބުނުމާއި މިޙްރާބުގައި ތިބޭ، ޢިލްމުވެރިންގެ ގާތަށް ދިއުމުން ފާފަތައް ފޮހެދީ، މުޅިން ސާފުމީހަކަށް ވުމުގެ ގޮތްތައް ހޯދައި ދިނުމުގެ ބާރުވަނީ، އެފާދިރީން އަމިއްލައަށް ލިބިގަނެފައެވެ. ބޮޑުންވަނީ، މިބާރުތައް އަމިއްލައަކަށް ލިބިގަނެ، މާވަރުގަދަ ވަލީވެރިންނަށް ބަދަލުވެފައެވެ. ﷲ އަށް އުރެދިފައެވެ.

މޫސާގެފާނު ގެނެސްދެއްވި ޝަރީޢަތް ހަދާނުން ކައްސާލާފައެވެ. މާއްދިއްޔަތުގެ ތެރެއަށް ޣަރަޤުވެ ރޫޙާނިއްޔަތު ނެތިކޮށް ލާފައެވެ. އޭގެ ތެރެއިން ބަޔަކު ވަނީ، ޤިޔާމަތްދުވަހާއި އެދުވަހުގެ އިންސާފަށް އިންކާރުކޮށް ފައެވެ. ޤިޔާމަތްދުވަހުގެ ހިސާބުކިތާބާއި ޢުޤޫބާތްތަކަކީ، ނެތްކަމަކަށް ހަދާއި ޚިޔާލީ ކަމެއްކަމުގައި ޤަބޫލުކޮށް ފައެވެ. އަޚްލާޤު ފަސާދަވެ، ހުރިހާނުބައި ކަމެއްވަނީ މުޖްތަމަޢުގައި ޢާންމުކޮށް ފައެވެ.

ފަހެ، މިޙާލަތުގައި އޮތް، މުޖުތަމަޢެއްގައި ޢީސާގެފާނު ސާފުތެދުމަގުގެ ދަޢްވަތު މީސްތަކުންނަށް ދެއްވަމުން ގެންދިޔައެވެ. ބަނީއިސްރާއީލު މީހުންގެ ތެރެއިން ބަޔަކު ޔަހޫދީ ދީންދޫކޮށް އީސާގެފާނަށް ތަބަޢުވި އެވެ.

ޢީސާގެފާނުގެ ނުބުއްވަތާއި މުޢްޖިޒާތައް:

ނަބީކަމުގެ ނުބުއްވަތު ފުރިހަމަވީ، ޢުމުރުފުޅުން ތިރީސް އަހަރުގައެވެ. އެކަލޭގެފާނުގެ ރިސާލަތަކީ، އިންސާނިއްޔަތަށް އުފާވެރިކަމާއި ރޫޙާނިއްޔަތު ގެނެސްދެއްވި، ﷲގެ ތެދުމަގުގައި ސާބިތުވެ ތިއްބެވުމުގެ ރިސާލަތެވެ. މެސެޖްއެވެ. އަދި މަގުފުރެދުމުން އެނބުރި އަލިކަމުގެ ތެރެއަށް ޤައުމުގެ މީސްތަކުން ގެނައުމެވެ. މަގުފުރެދިފައި ތިބި މީސްތަކުންނަށް ޢިބުރަތެއްގެ ގޮތުގައި، އެކިއެކި މުޢުޖިޒާތައް، ﷲ ޢީސާގެފާނަށް ދެއްވިއެވެ.

ފަހެ، އާލުޢިމްރާން ސޫރަތުގެ، 49 ވަނަ އާޔަތަށް ބައްލަވާށެވެ!

وَرَ‌سُولًا إِلَىٰ بَنِي إِسْرَ‌ائِيلَ أَنِّي قَدْ جِئْتُكُم بِآيَةٍ مِّن رَّ‌بِّكُمْ ۖ أَنِّي أَخْلُقُ لَكُم مِّنَ الطِّينِ كَهَيْئَةِ الطَّيْرِ‌ فَأَنفُخُ فِيهِ فَيَكُونُ طَيْرً‌ا بِإِذْنِ اللَّـهِ ۖ وَأُبْرِ‌ئُ الْأَكْمَهَ وَالْأَبْرَ‌صَ وَأُحْيِي الْمَوْتَىٰ بِإِذْنِ اللَّـهِ ۖ وَأُنَبِّئُكُم بِمَا تَأْكُلُونَ وَمَا تَدَّخِرُ‌ونَ فِي بُيُوتِكُمْ ۚ إِنَّ فِي ذَٰلِكَ لَآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ ﴿٤٩﴾

“އަދި އެކަލޭގެފާނު ވާހުށީ، އިސްރާއީލު ބާގައިގެ މީހުންނަށް (ފޮނުއްވޭ) ރަސޫލެއް ކަމުގައެވެ. (ފަހެ، މިގޮތުގެމަތީން ޢީސާގެފާނުން މަރިޔަމްގެފާނު މެދުވެރިކޮށް އުފައްދަވައި އުފަންކުރުވައި ރަސޫލުކަމައިގެން ފޮނުއްވައިފި ހިނދު އެކަލޭގެފާނު ވިދާޅުވި އެވެ.) ތިމަންކަލޭގެފާނުން ތިޔަބައިމީހުންގެ ގާތަށް މިވަޑައިގަތީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ކިބަފުޅުން (ތިމަންކަލޭގެ ފާނުންގެ ރަސޫލުކަމަށް ހެކިދޭ) ސާފު ދަލީލަކައިގެންނެވެ.

ފަހެ، ތިމަންކަލޭގެފާނުން ތިޔަބައިމީހުންގެ ކުރިމަތީގައި، ދޫންޏެއްގެ ސިފައަށް މަށީން، (ބުދެއް) ހެދުމަށް ފަހު، އެއަށް ފިމެލުމުން، ﷲގެ އިޒްނަފުޅުން ދޫންޏަކަށް ވެގެންދާނެ އެވެ. އަދި، (ވިހޭއިރުވެސް) ކަނުމީހުންނާއި ބަރޮސްބަލި ޖެހިފައިވާ މީހުން ފަސޭހަ ކުރައްވަމެވެ. އަދި މަރުވެފައިވާ މީހުން، ﷲގެ އިޒްނަފުޅުން ދިރުއްވަމެވެ. އަދި ތިޔަބައި މީހުން ކައި އުޅޭ އެއްޗަކާއި، ތިޔަބައި މީހުންގެ ގޭގޭގައި ރައްކާކޮށް ފައިވާ އެއްޗެތި ކިޔައި ދެއްވަމެވެ. ފަހެ، ތިޔަބައި މީހުންނީ، އީމާންވާ ބައެއްކަމުގައި ވާނަމަ، (ތިމަން ކަލޭގެފާނުގެ ރަސޫލުކަމަށް ހެކިދޭ) ދަލީލެއް މިކަމުގައި ތިޔަބައި މީހުންނަށް ވާކަން ކަށަވަރެވެ. (49)

ފަހެ، ޢީސާގެފާނަށް ދެއްވި، 4 މުޢްޖިޒާތެއްގެ ވާހަކަ މިއާޔަތުގައި އައިސްފައި ވެއެވެ. އެއީ: (1) މަށިން ބުދުދޫންޏެއް ހެއްދެވުމަށް ފަހު، އެއަށް ފުމެލެއްވުމުން ދޫންޏަކަށްވެ އުދުހިގެން ދިއުމާއި (2) އުފަންވީ އިރު ކަނު މީހުންނާއި ބަރޮސްބަލި ޖެހިފައިވާ މީހުން ފަސޭހަ ކުރެއްވުމާއި (3) މަރުވެފައިވާ މީހުން ދިރުއްވުމާއި (4) މީހުން ކައިއުޅޭ ތަކެއްޗާއި އެބައިމީހުން ގޭގޭގައި ރައްކާކޮށްފައިވާ އެއްޗެހި ކިޔައި ދެއްވުމެވެ.

މިފަދަ މުޢުޖިޒާތަކެއް ބަނީ އިސްރާއީލު ޔަހޫދީ ދަރިކޮޅަށް، ޢީސާގެފާނު ލައްވައި ދެއްކެވީ، އެމީހުން އުރެދިފައި ތިބި ގޮތުންނެވެ. ﷲ އަށާއި ރޫޙާނިއްޔަތުގެ ކަންފުޅެއް އެމީހުންގެ ހިތްތަކާއި ފިކުރުގައި ހަރުލާފައި ނެތުމުންނެވެ. ހަމަލޮލަށް މާއްދީގޮތުން ނުފެންނަ ކަންކަމަކީ އެމީހުންގެ ވިސްނުމަށް ގެނެވޭކަންކަމެއް ނޫނެވެ.

އެހެންވެ މިހުރިހައި މުޢްޖިޒާތަކަކީ ވެސް ކުރިމަތީގައި ފެންނަގޮތަށް ޤަބޫލުކުރާނެ ބައަކުޤަބޫލުކުރަން ހުރި ފާޅުކަންބޮޑު ހެކިތަކެވެ. އެހެނަސް ބަނީއިސްރާއީލު ބާގައިގެ ޔަހޫދީ މީސްތަކުން މިކަންކަމަށް ވެސް އިންކާރުކޮށް ގިނަބަޔަކު ޢީސާގެފާނަށް މަގުފުރެދުނީއެވެ.

އާދެ! ފަސްވަނަ މުޢްޖިޒާތެއް ވެސް ވެއެވެ. އެއީ އެކަލޭގެފާނަށް އެންމެފުރަތަމަ ތަބާވެ ވަޑައިގެންނެވި ޙަވާރީ ބޭކަލުންގެ ތެރެއިން އެދުނު މުޢުޖިޒާތް އެކެވެ. އުޑުން ކާބޯތަކެތީގެ މޭޒެއް ނުވަތަ ސުފުރާއެއް ބާވައިލެއް ވުމެވެ.

ފަހެ، އަލްމާއިދާ ސޫރަތުގެ 112 ވަނަ އާޔަތުން ފެށިގެން، 115 ވަނަ އާޔަތުގެ ނިޔަލަށް ބައްލަވާށެވެ!

إِذْ قَالَ الْحَوَارِ‌يُّونَ يَا عِيسَى ابْنَ مَرْ‌يَمَ هَلْ يَسْتَطِيعُ رَ‌بُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ ۖ قَالَ اتَّقُوا اللَّـهَ إِن كُنتُم مُّؤْمِنِينَ ﴿١١٢﴾ قَالُوا نُرِ‌يدُ أَن نَّأْكُلَ مِنْهَا وَتَطْمَئِنَّ قُلُوبُنَا وَنَعْلَمَ أَن قَدْ صَدَقْتَنَا وَنَكُونَ عَلَيْهَا مِنَ الشَّاهِدِينَ ﴿١١٣﴾قَالَ عِيسَى ابْنُ مَرْ‌يَمَ اللَّـهُمَّ رَ‌بَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِ‌نَا وَآيَةً مِّنكَ ۖ وَارْ‌زُقْنَا وَأَنتَ خَيْرُ‌ الرَّ‌ازِقِينَ ﴿١١٤﴾ قَالَ اللَّـهُ إِنِّي مُنَزِّلُهَا عَلَيْكُمْ ۖ فَمَن يَكْفُرْ‌ بَعْدُ مِنكُمْ فَإِنِّي أُعَذِّبُهُ عَذَابًا لَّا أُعَذِّبُهُ أَحَدًا مِّنَ الْعَالَمِينَ ﴿١١٥﴾

“އަދި، ޙަވާރީން ދެންނެވިހިނދުގެ މަތީން ހަނދުމަ ކުރައްވާށެވެ! އޭ! މަރިޔަމްގެފާނުންގެ ދަރިކަލުން ޢީސާގެފާނެވެ! (ކާބޯތަކެތީގެ މައްޗަށް އެކުލެވިގެންވާ) ދޮލަނގެއް (ނުވަތަ މޭޒެއް ނުވަތަ ސުފުރާއެއް) އުޑުން ބާވައިލެއްވުމަށް، ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކުޅަދުންވަންތަ ތޯއެވެ؟ (ޢީސާގެފާނު) ވިދާޅުވިއެވެ: ތިޔަބައި މީހުންނީ، އީމާންވެގެން ތިބި ބައަކުކަމުގައި ވަނީނަމަ، ތިއަބައިމީހުން، ﷲ އަށް ތަޤްވާވެރިވާށެވެ! (112)

އެބައިމީހުން ދެންނެވިއެވެ. ތިމަންމެން އެދެނީ، އެއިން ކެއުމަށެވެ. އަދި ތިމަންމެންގެ ހިތްތައް ހަމަޖެހިގެން ދިއުމަށެވެ. އަދި، ތިމަންމެންނަށް ކަލޭގެފާނު ތެދު ވިދާޅުވިކަން އެނގުމަށް ޓަކައެވެ. އަދި، އެކަމުގެ މައްޗަށް (އެބަހީ، އުޑުން ކާބޯތަކެތި ބާވައިލެއްވި ކަމުގެ މައްޗަށް) ހެކިވާ މީހުންގެ ތެރެއިން ތިމަންމެން ވުމަށް ޓަކައެވެ. (113)

މަރިޔަމްގެފާނުންގެ ދަރިކަލުން ޢީސާގެފާނު ވިދާޅުވިއެވެ. އަޅަމެން ހައްދަވައި ބޮޑު ކުރެއްވި ކަލާކޯއެވެ! ކާބޯތަކެތީގެ މައްޗަށް އެކުލެވިގެންވާ ދޮލަނގެއް އަޅަމެންގެ މައްޗަށް އުޑުން ބާވައިލައްވައި ފާންދޭވެ! އަޅަމެންގެ ތެރެއިން ކުރީގެ މީހުންނާއި ފަހުގެ މީހުންނަށް ޢީދެއް ކަމުގައި ވުމަށެވެ. އަދި، ﷲގެ ޙަޟްރަތުން އައި މުޢްޖިޒާތެއްގެ ގޮތުގައެވެ. އަދި، އަޅަމެނަށް ރޯދި ދެއްވައި ފާނދޭވެ! ﷲއީ އެންމެހެއު ރޯދި ދެއްވާ ރަސްކަލާނގެ އެވެ. (114)

ﷲ ވަޙީ ކުރެއްވިއެވެ: ހަމަކަށަވަރުން، ﷲ ތިޔަބައި މީހުންގެ މައްޗަށް، އެދޮލަނގު ބާވައި ލައްވާ ހުށީމެވެ. ފަހެ، އެއަށް ފަހު، ތިއަބައި މީހުންގެ ތެރެއިން ކާފިރުވެއްޖެ މީހާ، (ދަންނާށެވެ!) ޢާލަމްތަކުގެ ތެރެއިން (މީސްތަކުންގެ ތެރެއިން) އެކަކަށް ވެސް، ތިމަން ﷲ ނުދެއްވާ އަޒާބު އެމީހަކަށް ތިމަން ﷲ ދެއްވާ ހުށީމެވެ. (115)

އަޅުގަނޑަށް، ހަމަ އެއްގޮތަކަށް ވެސް ޢީސާގެފާނުންގެ އެންމެ އަރިސް ޙަވާރީބޭކަލުންގެ ފަރާތުން، އެކަލޭގެފާނުންގެ ރިސާލަތާ މެދު ޝައްކު އުފެދުނު ގޮތެއް ނުވިސްނުނެވެ. މިބޭފުޅުންނަކީ އުޑުން ދޮލަނގެއް ބާވައިލެއްވުމަށް ވުރެ މާމަތީ މުޢުޖިޒާތްތައް ދުށުމަށް ފަހު، ހިތުގެ އަޑިން އީމާންވެ، އެކަލޭގެފާނުގެ ޝަރީޢަތަށް ތަބާވި ބޭކަލުންނެވެ.

އެހެނަސް މިބޭކަލުން ވެސް މިދަންނަވަނީ، އުޑުން ކާބޯތަކެތީގެ ދޮލަނގެއް ބާވައިލެއް ވުމަށެވެ. މިއީ ޙަވާރީބޭކަލުންގެ ހާލަތުހުރި ފެންވަރެވެ. އެހެންވުމުން އެޤައުމުގެ ޢާންމުމީހުންގެ ހާލަތު ހުންނާނެ ފެންވަރައި މެދު ބުނާނީ ކީކޭތޯއެވެ!

އިސްރާއީލުގެ ދަރީންނަކީ ތެދުމަގު ޤަބޫލްކުރާނެ ބައެއް ނޫނެވެ. ﷲ އަށް އުރެދުމުގައި މާކުރީގައި ތިބި ބައެކެވެ. ކޮންމެއަކަސް މިފަދަ ބަޔަކަށް ތެދުމަގަށް ދަޢުވަތު ދެއްވުމުގައި ޢީސާގެފާނު އަވަދިނެތި މިޙުރާބްގައި ވަޤުތުހޭދަ ކުރައްވަމުން ގެންދެވިއެވެ.

ފަހެ، ޢީސާގެފާނު މިޙުރާބްގައި ފުރަތަމަ ފަހަރަށް އެއްވެތިބި މީހުންނައި ވާހަކަފުޅު ދެއްކެވި ދުވަހު ވެސް،  އެއެއްވުމުގައި ޖަމާވެތިބި ޔަހޫދީންގެ އުސްތާޒުންނާއި ފާދިރީން، އެކަލޭގެފާނުގެ ރިސާލަތައި ދެކޮޅު ހެއްދެވިއެވެ. އެދުވަހުން ފެށިގެން ސިއްރިއްޔާތު ގައި އެކިކަންކަން ރާވަން ފެއްޓިއެވެ. އަދި، އެކިގޮތްގޮތުން، އެކަލޭގެފާނަށް އުނދަގޫތައް މެދުވެރިކޮށް ހުރަސްތައް ކުރިމަތި ކުރުވަން ފެށިއެވެ. އަދި، އެކި ސިއްރު ރޭވުންތައް ރާވަމުން ގެންދިޔައެވެ.

އެގޮތުން އެމީހުންގެ، (އިސްރާއީލުގެ ދަރީންގެ) ގެގާތުގައި ސަބާތް (SABBATH) އަކީ،  ހޮނިހިރު ދުވަސް އެކުގައި  އަރާމުކުރުމުގެ ދުވަހެއްގެ ގޮތުގައި އެމީހުންނަށް، މޫސާގެފާނުންގެ ޝަރީޢަތުގައި، ﷲ ލައްވާފައިވާ ދުވަހަށް ދީފައިވާ ނަމެކެވެ. ފަހެ، ސަބާތުގެ ދުވަހަކީ، ހޮނިހިރު ދުވަހެވެ.

އާދެ! ހޮނިހިރު ދުވަހަކީ، އަރާމުކުރުމުގެ މުޤައްދަސް ދުވަހެވެ. ޔަހޫދީންގެ ގާތުގައި ސަބާތް އަކީ، ދިހަ ވަޞިއްޔަތު (TEN COMMANDMENTS) ގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. އެދުވަހަކީ އެމީހުންގެ އެތައްކަމެއް ނަފްސުތަކަށް ޙަރާމްކޮށް ގަނެގެން ތިބޭ ދުވަހެކެވެ. އެންމެކުޑަ މިނުން އަމިއްލަ ނަފްސުގެ ދިފާޢުގައި ބަލިވީމައި އެބަލިން ސަލާމަތް ވުމަށް ޑޮކްޓަރެއް ނުވަތަ ޙަކީމެއްގެ ގާތަށް ގޮސް ލަފާހޯދުމަކީ ވެސް މަނާވެގަނެފައި ހުރިކަންކަމެވެ. ސަބާތް ދުވަހުގައި އެއްހާސް ޔާޑަށް ވުރެ ދިގު ދަތުރެއް ކުރުމަކީ ވެސް އެމީހުންގެ ޝަރީޢަތުގައި މަނާކަމެކެވެ.

އެހެނަސް، ޢީސާގެފާނު ސަބާތް ދުވަހުގައި ވެސް މިސްކިތަށް ނުކުމެވަޑައިގެން މީސްތަކުންނަށް ހަޞޭޙަތް ދެއްވައި ތަބުލީޣް ކުރެއްވުމުގައި ދެމިހުންނެވި އެވެ. އަދި، ބައެއްމޭވާތައް ނަންގަވައި މިސްކިތުންބޭރުގައި ބަނޑުހައިހޫނުކަން މަތީގައިތިބޭ ކުދިންނަށް ދެއްވައި ހައްދަވައެވެ. މިކަމާ ހެދި، ޔަހޫދީ ފާދިރީން ނަފްރަތް ކުރެއެވެ. މިފަދަ ކަންކަމަކީ، ޔަހޫދީ ބޮޑުންގެ ގާތުގައި އެދުވަހުގެ ޙުރުމަތް ކެނޑުންކަމުގައި ބަލައި ވަރަށް ނުރުހުން ވިއެވެ.

ފަހެ، އެދުވަހަކީ އެތައް ހާސްބަޔަކު، ﷲ އަށް ޤުރުބާނީ ކަތިލުމުގަޔާއި އަޅުކަމުގައި ޖަމާވާ ދުވަހެވެ. މަދުވެގެން އެދުވަސްވަރު ބައިތުލް މަޤްދިސް އަށް، 20,000 (ވިހި ހާސް) ޔަހޫދީން ޖަމާވެހަދައެވެ. ގެރިބަކަރި ކަތިލުމުގައި މުޅި އެހިސާބުގަނޑު ވަނީ ފުރާލައިފަ އެވެ. އެތާގައި އަޅުކަމަށް ވުރެ ބޮޑަށް ހިނގަމުން ދަނީ، ވިޔަފާރީގެ ކަންކަމެވެ. އެކަކަށް ވުރެ އަނެކަކު ގިނަފައިސާ ހޯދުމަށް ވާފަވެރި ވަމުންދާ މަންޒަރެވެ.

ޢީސާގެފާނަށް މިމަންޒަރު ފެނިވަޑައިގެން ޢަޖައިބުވެ އަންތަރީސްވެ ވަޑައިގަތެވެ. ނިކަމެތި ފަޤީރުންނަށް ކަތިލާނެ ޤުރުބާނީއެއް ނުލިބެއެވެ. ޔަހޫދީންގެ ބޮޑުންނައި ފާދިރީންތައް އެތެރޭގައި ހެސްކިޔާފައި ކައިމަޖާ ނަގަމުންދާ އިރު ފަޤީރުން ބޭރުގައި ބަޑުހައިހޫނުކަން މަތީގައި ތިބޭ މަންޒަރު އެކަލޭގެފާނަށް ވެގެންދިޔައީ ބައްލަވަން އުނދަގޫ މަންޒަރަކަށެވެ. އެކަލޭގެފާނަށް މިކަހަލަ އެތައްހަރުފަތެއް ގިރާކުރައްވަން ޖެހި ވަޑައިގަތެވެ.

ފަހެ، ޔަހްޔާގެފާނާއި ޒަކަރިއްޔާގެފާނު ދުނިޔެ ދޫކުރައްވައި ނެތިދިއުމުން ގަދަ ހިތްވަރާއެކު، ﷲގެ ރިސާލަތައިގެން ނުކުމެ ވަޑައިގަތީ، ޢީސާގެފާނު ގިނިކަންޏާއެވެ. ﷲގެ ތެދުމަގުގައި ޘާބިތުކަމާ އެކު ދެމިހުންނަވައި ﷲގެ ތެދުމަގުގެ މެސެޖް މީސްތަކުންނަށް ފެތުރުއްވިއެވެ. އެމީހުންނަށް، ﷲގެ ދިހަ ވަޞިއްޔަތް ފުޅު ދަސްކޮށް ދެއްވުމުގައި އަވަދިނެތި ދެމިހުންނެވިއެވެ. އެތައް ދުއްތުރާތަކާއި އެތައް އަނިޔާތަކެއް ތަޙައްމަލް ކުރެއްވިއެވެ.

ފަސްވަނަ ވަޞިއްޔަތުގައި މީހުންމެރުން ކަނޑައެޅިގެން ޙަރާމް ކުރެއްވިއެވެ. ބަނީ އިސްރާއީލް ބާގައިގެ މީހުންނަކީ، ވަރަށް ފަސޭހައިން މީހުންމަރާއި ނަބީންނާއި ރަސޫލުންމަރާއި އަނިޔާކުރުމުގައި އަރާތިބި ބައެކެވެ. ހަވަނަ ވަޞިއްޔަތުގައި ނުޙައްޤުން ޖިންސީ އަނިޔާ (ADULTERY) ތައް މަނާކުރައްވައި ޙަރާމް ކުރެއްވިއެވެ. ހަމައެކަނި، ﷲ އަށް އަޅުކަންކުރުމަށް ދައްވަތު ދެއްވަމުން ގެންދެވިއެވެ.

ޢީސާގެފާނަށް ތަބާވެ އީމާންވި މީހުންގެ ތެރޭގައި، އެންމެ އިސްކޮށް އަރިހުގައި އެދުރު ބޭކަލުންގެ ގޮތުގައި ތިއްބެވީ، ބާރަ (12) ޙަވާރީބޭކަލުން ނެވެ. އޭގެ ތެރެއިން އެންމެ އިސް ބޭކަލަކީ، ސަމްޢާން ބުޠްރުސް (SAINT PETER / SIMON PETER) (ފާދިރީ) އެވެ.

ފަހެ، ޢީސާގެފާނުގެ ޝަރީޢަތާއި ވެސް އެންމެ ގަދަޔަށް ދެކޮޅުހެދި ބަޔަކީ ޔަހޫދީންނެވެ. އަދި ނަޞާރާދީނުގެ ތެދުމަގު ކަމުގައިވާ އިލާހީ ޝަރީޢަތާއި ހަމަތަކާއި އުޞޫލުތައް ތަޙްރީފުކޮށް ބަދަލުކޮށްލައި ހެދީ ވެސް ޔަހޫދީންނެވެ. އަދި ޢީސާގެފާނު އަވަހާރަ ކޮށްލުމަށް ޞަލީބަށް ނެގުމަށް ވާގިވެރިވެ، އެނުލަފާ ޢަމަލު ހިންގީވެސް ޔަހޫދީންނެވެ.

ފަހެ، ދަންނާށެވެ! ޢީސާގެފާނު އުޑަށް ނެންގެވުނީތޯ ނުވަތަ ޞަލީބަށް އަރުވައި އަވަހާރަކޮށް ލެވުނީތޯ ނުވަތަ ޞަލީބަށް ނެންގެނުފަހުން، ސަލާމަތްވެ ވަޑައިގެން ޠަބީޢީމަރަކުން އަވަހާރަވުމަށް ދާންދެން ދުނިޔޭގައި ހުންނެވީތޯ ނުވަތަ އަނބުރައި ފަހުން ދުނިޔެއަށް ވަޑައި ގަންނަވާނެތޯ، މިއީ މުޅިން އެހެން ބަޙުޘް އެކެވެ. މިމަޒްމޫނުގައި ލިޔުން މުނާސިބު ވަޤުތެއް ކަމުގައި ނުދެކެމެވެ.

ފަހެ، ޚުލާޞާކޮށް އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ މިއެވެ! އިސްލާމީ، ޢިލްމީ މުފައްކިރުންގެ ޖުމްހޫރު ޢީސާގެފާނައި މެދު ދެކޭ ގޮތަކީ، މިއެވެ.

“ޔަހުދީންގެ ނުލަފާ އަނިޔާތަކުންނާއި ޞަލީބަށް ނެގުނު ހިނދު، ﷲ ޢީސާގެފާނު އެމަރުން ސަލާމަތްވެ ކުރައްވާއި ފުރާނަފުޅު ސުވަރުގެއަށް ﷲ އުފުއްލެވީއެވެ.”

ފަހެ، ބަނީ އިސްރާއީލް ބާގައިގެ ޔަހޫދީންގެ އަނިޔާވެރިކަމާއި އުނދަގޫތަކުގެ ސަބަބުން މިއީ ﷲ، އެކަލޭގެފާނަށް ދެއްވި ކަރާމަތްތެރި ކަމެވެ. އަދި ބޮޑު ވެގެންވާ ނިޢްމަތެވެ. ފަހެ، ޢީސާގެފާނަށް ފަހު، ދެން ފޮނުއްވުނީ ނަބީކަމާއި ރަސޫލުކަން ޚަތިމްކުރެއްވި، މުޙައްމަދުގެފާނެވެ. އެއަށް ފަހު ނަބީއަކު ނުވަތަ ރަސޫލަކު މިދުނިޔެއަށް، ﷲ ނުފޮނުއްވާނެތެވެ. ނުބުއްވަތާއި ރިސާލަތު ބާވައިލެއްވުން ނިމުނީއެވެ.

އަޅުގަނޑުމެން އެންމެހައި އިސްލާމުން، ދެދުނިޔެ ބާއްޖަވެރި ކުރަންހުރި ހުރިހާ ދަރުސްތަކާއި ފިލާވަޅުތަކެއް ވަނީ، މިބޭފުޅުން އަޅުގަނޑު މެންނައި ހަމައަށް ގެނެސް ދެއްވާފައެވެ. އިސްލާމް ދީންވަނީ ފުރިހަމަ ކުރައްވާފައެވެ. ފަހެ ދެން އަޅުގަނޑު ބަލައިލާނީ މުޙައްމަދުގެފާނުގެ ސިޔަރަތުގެ މައްޗަށް ވަރަށް ކުރުކޮށެވެ.

މުހައްމަދުގެފާނު:

އެންމެހައި މީސްތަކުންނަށް ރަޙްމަތެއްގެ ގޮތުގައި، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވި، މުޙައްމަދުގެފާނު މައްކާގެ ބިމަށް އުފަންވެ ވަޑައިގަތީ، 20 އެޕްރީލް 571 މ. ވީހޯމަ ދުވަހުގެ ހެދުނު އެވެ. އެއީ، “ޢާންމުލްފީލް” ގެ ނަމުން އެންގިގެން ގޮސްފައިވާ އަހަރެވެ. ފަޤީރު ދެމަފިރިއެއްގެ ދަރިކަލެކެވެ.

ޤުރައިޝް ވަންހައިގެ އަޝްރާފުންގެ އާދާކާދައިގެ ދަށުން، އެކަލޭގެފާނަށް، ތުއްޕުޅު އިރު ކިރުފޮދު އެރުއްވީ، ބަދަވީ އަންހެނެއް ކަމުގައިވާ، ޙަލީމާއެވެ. ބައްޕާފުޅަކީ، ޢަބްދުﷲ، ބިން ޢަބްދުލް މުއްޠަލިބް، ބިން ހާޝިމް، ބިން ޢަބްދުލް މަނާފް، ބިން ޤުޞައްޔު، ބިން ކިލާބް އެވެ.

ފަހެ، އެއީ ޙައްޖާޖީންނަށް ބޯފެން ދިނުމުގައި ޒަމާނުއްސުރެ ދެމިގެންއައި ޤުރައިޝް ވަންހައިގެ ހާޝިމީ ދަރިކޮޅެވެ. އެކަލޭގެފާނު އުފަންވުމުގެ ކުރިން ބައްޕާފުޅު، ޢަބްދުﷲ އަވަހާރަ ވެއްޖެއެވެ. ދެން އެކަލޭގެފާނު ބެލެހެއްޓެވީ ކާފާފުޅު، ޢަބްދުލް މުއްޠަލިބް އެވެ. ކާފާފުޅު އަވަހާރަވުމުން އެކަލޭގެފާނަށް ކުލުނުވެރިވެ އަޅާލެއްވީ ބޮޑުބޭބޭފުޅު، އަބޫޠާލިބް އެވެ.

އެކަލޭގެފާނުގެ މަންމާފުޅު، އައިމިނަތް އަވަހާރަވީ އެކަލޭގެފާނުގެ ޢުމުރުފުޅުން އެންމެ، 6 (ހައެއް) އަހަރުގައެވެ. އެކަލޭގެފާނު ޢުމުރުފުޅުން، 12 (ބާރަ) އަހަރުގައި އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫޠާލިބްގެ އަރިހުގައި، ވިޔަފާރި ދަތުރުތަކުގައި ޝާމްކަރައަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ.

މިދަތުރުތަކުގައި ދިމާވި ދެފާދިރީއަކު، އެކަލޭގެފާނުގެ މާތްކަމުގެ ވާހަކަ ބޮޑުބޭބޭފުޅަށް ދެންނެވިއެވެ. އެއީ ނަބީއެއްކަމާއި އެކަލޭގެފާނަށް މަލާއިކަތުން ހިޔާވަހިކަން ދެއްވަމުން ގެންދާ ވާހަކަ ދެދަތުރެއްގައި ދެރާހިބަކު ވަނީ، އެކަލޭގެފާނާ ގުޅިގެން ދަންނަވާފައެވެ.

ދެވަނަ ފާދިރީގެ ވާހަކަތައް އައިސްފައިވަނީ އެކަލޭގެފާނުގެ ޢުމުރުފުޅުން، 25 (ފަންސަވީސް) އަހަރުގައި ކުރެއްވި ދަތުރެއް ގައެވެ. އަބޫޠާލިބް އަށް މިކަންކަން އެނގިވަޑައި ގަތުމުން، އެކަލޭގެފާނަށް ޔަހޫދީންގެ ފަރާތުން އަންނާނެ އަނިޔާތައް ވިސްނިވަޑައި ގަތެވެ.

ފަހެ، މުޙައްމަދުގެފާނު އެންމެފުރަތަމަ ކައިވެނި ކުރެއްވީ، ޚަދީޖަތްގެފާނައި އެކުގައެވެ. އެކަމަނާއަކީ، މުއްސަނދި ފައިސާވެރިކަމުގެ ތިޖާރަތް ކުރައްވަމުން ގެންދަވާ ކަމަނާއެކެވެ. އެކަމަނާގެ ފިޔަފާރީގައި އެކަލޭގެފާނު ފާހަގަކުރެވިގެން ދިޔައީ ވަރަށް އަމާނާތްތެރި އަދި، ކުޅަދާނަ ހުނަރުވެރިއެއްގެ ގޮތުގައެވެ.

ފަހެ، ވިޔަފާރީގެ އެކި މުޢާމަލާތުގައި އެކަލޭގެފާނު ފާހަގަކުރެވިފައި ވަނީ، ވަރަށް ތެދުވެރި އަމާނާތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ގިނަމީހުންގެ ރުހުމާއި ލޯބި އެކަލޭގެފާނަށް ލިބި އޮހެމުން ދިޔައެވެ. ޢުމުރުފުޅުން، 35 (ތިރީސްފަސް) އަހަރުގައި ޤުރައިޝުން ގެފުޅުގެ މަރާމާތެއް ހިންގިއިރު، ޤުރައިޝުންނައި އެކު، އެމަސައްކަތުގައި ބައިވެރިވެ ވަޑައިގެން އެކަލޭގެފާނު ކޮނޑުފުޅުގައި ހިލައުފުއްލަވައި ހެއްދެވިއެވެ.

އަދި ޙަޖަރުލް އަސްވަދު އޭގެމަޙައްލުގައި ބޭންދުމުގައި އުފެދުނު ޚިޔާލު ތަފާތުވުމުގައި ޤުރައިޝުންގެ ބޮޑުންނަށް ނިންމުނީ އަނެއްދުވަހު ޙަރަމްފުޅުގެ ވަކިދޮރާއްޓަކުން އެންމެކުރިން ވަންނަވާ ބޭފުޅަކު ލައްވައި އެކަން ކުރުވުމަށެވެ.

ދެން ފަހެ، އެދުވަހު އެދޮރާށިކޮޅުން އެންމެކުރިން ވަދެވަޑައިގަތީ، މުޙައްމަދުގެފާނެވެ. ޤުރައިޝުން އެކަން ކުރެއްވުން އެކަލޭގެފާނައި ޙަވާލުކުރެއްވުމުން، އެކަލޭގެފާނު ހެއްދެވި ގޮތަކީ، ރިދާކޮޅެއް (ފޮތިގަނޑެއް) ގެންނަވައި ޙަޖަރުލް އަސްވަދު ނަންގަވައި އެރިދާކޮޅަށް ލެއްވުމަށް ފަހު، ޤުރައިޝުންގެ ހުރިހާ ޤަބީލާތުކުން އެޤަބިލާއެއްގެ ބޮޑަކު، އެރިދާގެ ކަނެއްގައި ހިފައިގެން ގެންގޮސް ޙަޖަރުލް އަސްވަދު، އޭގެ މަޤާމުގައި ބެހެއްޓުމެވެ. މުޙައްމަދުގެފާނުގެ މިބުއްދިފުޅު ވެގެންދިޔައީ ހުރިހައި ޤުރައިޝުން ހިތްހަމަޖެހުނު ކަމަކަށެވެ. ފަހެ، މިކަން ނިމިގެން ދިޔައީ ވަރަށް އޮމާންކޮށް އެންމެންގެ ހިތްހަމަ ޖެހުމައި އެކުގައެވެ.

މުޙައްމަދުގެފާނުގެ ޢުމުރުފުޅުން، 40 (ސާޅީސް) އަހަރުފުޅުވުމުން ފާޅުގައި ރަސޫލުކަމައިގެން އެކަލޭގެފާނު ފޮނުއްވުނެވެ. ވަޙިބާވާލެއްވުން ފެށިގެން ދިޔައެވެ. ޤުރުއާން ބާވާލެއްވުން ފެށުނީއެވެ. އެއަށް ފަހު، އެކަލޭގެފާނު ފާޅުކަންބޮޑުކޮށް، އިސްލާމްދީނުގެ ސާފުތެދުމަގު ބަޔާންކޮށް ދެއްވައި އިސްލާމްދީނަށް ފާޅުގައި ގޮވާލައްވަން ފެއްޓެވީއެވެ. އެކަލޭގެފާނަށް ލިބެމުން ދިޔަ ދުއްތުރާތަކާއި އަނިޔާތަކުގައި ބޮޑުބޭބޭފުޅުގެ ޙިމާޔަތް ލިބެމުން ދިޔައެވެ.

ފަހެ، އެކަލޭގެފާނަށް ތަބާވި މުސްލިމުންނަށް އިންތިހާއަށް އެކިޒާތުގެ އަނިޔާތައް، މައްކާގެ ޔަހޫދީންގެ ފަރާތުން ލިބެމުންދިޔައެވެ. އެ އަނިޔާތަކައި ގުޅިގެން މުސްލިމުންގެ ފުރަތަމަ ހިޖްރަތް ޙަބަޝާކަރައަށް (މިހާރުގެ އިތިއޮޕިޔާ) ކުރުމަށް، މުޙައްމަދުގެފާނު ހުއްދަދެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ.

“ޙަބަޝާގެ ބިމަށް ތިޔަބައިމީހުން ނުކުންނާށެވެ. އެބިމުގައި އަނިޔާދޭނެ މީހަކު ނުވެއެވެ. އެބިމުގެ ރަސްކަލަކީ، އޭނާގެ ފަރާތުން އެކަކަށް ވެސް އަނިޔާއެއް ދޭނެ މީހެއް ނޫނެވެ.”

ޚަދީޖަތުގެފާނާއި އަބޫޠާލިބު އަވަހާރަވުމުން، އެކަލޭގެފާނަށް އެންމެބޮޑަށް މަދަދާއި އެހީތެރިކަން ދެއްވި ދެބޭފުޅުން ނެތުނީއެވެ. މިދެބޭފުޅުން އަވަހާރަވީ، އެކަލޭގެފާނު ޔަޘްރިބް (މަދީނާ މުނައްވަރާ) އަށް، ހިޖްރަ ކުރެއްވުމުގެ، 3 (ތިނެއް) އަހަރުކުރީގައެވެ. މުސްލިމުންނަށް މައްކާގައި ދިމާވަމުން ދިޔަ ބޮޑެތި އަނިޔާތަކައި ހެދި، މަދިނާ މުނައްވަރާއަށް އެކަލޭގެފާނުގެ އެކުވެރީންނައި އެކު ހިޖްރަކުރެއްވުމަށް ނިންމެވިއެވެ. މުޙައްމަދުގެފާނުގެ ދަޢްވަތަށް މަދީނާގެ އަހްލު ވެރިންގެ ފަރާތުން ތަރްޙިބު އޮހެމުން ދިޔައެވެ.

އަދި މަދީނާގެ އަހްލުވެރީންގެ ތެރެއިން ބަޔަކު، އެކަލޭގެފާނާއެކު ބައިޢަތު ހިއްޕެވިއެވެ. މައްކާގެ ޢަޤަބާގައި ވެވުނު، ދެބައިޢަތުން މުޙައްމަދުގެފާނަށާއި އެކަލޭގެފާނު ގެނެސްދެއްވި އިސްލާމްދީނަށް ބޮޑު ނަޞްރެއް ލިބުނެވެ. ޙައްޖު މޫސުމުގައި ޢަޤަބާކައިރިން ދިމާވި މަދީނާގެ އަހްލުވެރީންގެ ތެރެއިން ޚަޒްރަޖް ވަންހައިގެ، ހަބޭފުޅަކު ފުރަތަމަ ބުރުގައި އެކަލޭގެފާނަށް ބައިޢަތު ހިއްޕެވިއެވެ.

އަދި އަނެއް އަހަރު ޙައްޖުމޫސުމުގައި މަދީނާގެ އަހްލުވެރިންގެ ތެރެއިން، ބާރަ ބޭފުޅަކު މުޙައްމަދުގެފާނައި ބައްދަލުކޮށް ބައިޢަތު ހިއްޕެވިއެވެ. މީގެތެރޭގައި އަންހެން ކަނބަލުން ހިމެނުނެވެ. މިގޮތުގެ މަތީން މަދީނާއިން މައްކާއަށް ވަޑައިގަންނަވާ ބޮޑުންގެ ތެރެއިން ބައެއް ބޭފުޅުން، މުޙައްމަދުގެފާނައި ބައްދަލު ކުރައްވައި ބައިޢަތު ހިއްޕަވަމުން ގެންދެވިއެވެ.

އެގޮތުގެ މަތީގައި އެބޭފުޅުން އިސްލާމްވެ، އިސްލާމް ދީނުގެ މަތީގައި ދެމިތިއްބެވި އެވެ. މައްކާގައި، 13 (ތޭރަ) އަހަރު ވަންދެން ދަޢްވަތުގެ ބުރަމަސައްކަތް ކުރެއްވުމުގައި ދެމިހުންނެވުމަށް ފަހު، މައްކާއިން މަދީނާއަށް ނުކުމެ ވަޑައިގެން، މަދީނާކައިރީގައި އޮންނަ، ޤުބާއަށް ވަޑައި ގެންނެވުނީ ހުކުރު ދުވަހެއްގައެވެ. ދެން ފަހެ، ހުކުރު ވަޤުތު ޖެހުމުން ޤުބާގައި އެކަލޭގެފާނު އިސްވެހުންނަވައި ހުކުރުނަމާދު ޖަމާޢަތިގައި ކޮށް ދެއްވިއެވެ. އެއީ މުސްލިމުންކުޅަ އެންމެ ފުރަތަމަ ހުކުރެވެ. އެ އަވަށަކީ، މަދީނާ މުނައްވަރާގައި މިހާރު މަސްޖިދު ޤުބާ ހުންނަ ބިމެވެ.

ފަހެ، ހުކުރު ނަމާދަށް ފަހު، ޔަޘްރިބް (މަދީނާ މުނައްވަރާ) އަށް އެރުއްވުމަށް ހިންގަވާން ފެއްޓެވީއެވެ. އެބިމަށް ފޯރާވަޑައިގަތީ، 20 ސެޕްޓެމްބަރ 622 މ. ދުވަހުއެވެ. ދެން އެބިމުގައި އެކަލޭގެފާނުގެ މިސްކިތް، މަސްޖިދުއްނަބަވީ ބިނާ ކުރެއްވިއެވެ. އެއީ އެކަލޭގެފާނު ދިރިއުޅުއްވި ކޮޓަރިކޮޅުވެސް ހެއްދެވިތަނެވެ. އަދި އިސްލާމުންގެ ވެރިކަމުގެ ދަރުބާރުވެސް މެއެވެ. އިމާމަކީ ޚުދު އެކަލޭގެފާނުއެވެ.

މަދީނާ މުނައްވަރާއަށް ހިޖްރަކުރެއްވުމަށް ފަހު، މަދީނާގައި ވަރުގަދަ ޙުކޫމަތެއް ބިނާ ކުރެއްވިއެވެ. މިސަރުކާރު ވެގެންދިޔައީ މުޅިދުނިޔޭގައި ވެސް އުފެދުނު އެންމެ އިންސާފުވެރި ހަމހަމަކަން ޤައިމުކުރެވުނު ސަރުކާރަށެވެ. އަދި އިސްލާމީ ޝަރީޢަތުގެ އެންމެ ފުރިހަމަ ޑިމޮކްރަސީއެއް ދުނިޔެއަށް ނެރެދެއްކެވި ފުރަތަމަ ސަރުކާރަށެވެ. އޭރު ދުނިޔޭގައި ތިބި ބާރުތައް ސިއްސުވާލި ވަރުގަދަ ސަރުކާރަކަށެވެ. ޤާނޫނީ ޙުކޫމަތަކަށެވެ.

ފަހެ، މިހާރު ހުޅަގުގެ ބާރުތަކުން އުފައްދައިގެން މިއުޅޭ ޑިމޮކްރަސީއަކީ، އިސްލާމީ ޝަރީޢަތާއި އިސްލާމީ ޑިމޮކްރަސީގެ ކުރިމަތީގައި ބާޠިލް އެއްޗެކެވެ. އިސްލާމްދީނުގައި އޮންނަ އިމާމަތް (ވެރިކަމުގެ ބާރު) މުގުރާލާއި ހަލާކުކޮއްލުމަށް އުފެއްދި ބާޠިލް ފަލްސަފާއެކެވެ. ވެރިކަމުގެ ބާރު އެކެއްގެދަށުގައި ނުބޭއްވުމުގެ ބޭނުމުގެ ދަށުން އެފެއްދި ނުބައި ފަލްސަފާއެކެވެ.

މަދީނާ މުނައްވަރާގެ ޔަހޫދީން އެކަލޭގެފަނައި އެކު ވެވުނު ވަޢްދުތަކާއި ޢަހްދުތަކައި ޚިލާފުވެ ދެކޮޅުވެރިކަން ފާޅުކުރުމުން، އިސްލާމީ ޝަރީޢަތުގައި އޮންނަ ޖިހާދު އިޢްލާނު ކުރައްވައި ހަނގުރާމަތައް ފެއްޓެވުމަށް ނިންމެވިއެވެ. އެގޮތުގެ މަތީން ބޮޑެތި ހަނގުރާމަތަކާއި ކުދި ހަނގުރާމަތައް މުސްލިމް ލަޝްކަރުތަކައި އެކު ޚުދު އެކަލޭގެ ބައިވެރިވެ ހުންނަވައިގެން ކުރެއްވިއެވެ.

އިސްލާމީ އުންމަތަށް ބޮޑެތި ނަޞްރުތައް ހޯއްދަވައި ދެވިއެވެ. ބޮޑެތި ފަތަޙަތައް ހޯއްދަވައި ކާމިޔާބު ކުރެއްވިއެވެ. ނަޞްރު ހޯއްދެވިއެވެ. އެހަނގުރާމަ ތަކުގެ ތެރޭގައި، ބަދުރު ހަނގުރާމަޢާއި އުޙުދު ހަނގުރާމައާއި އަޙްޒާބު ހަނގުރާމައާއި ޚަންދަޤް ހަނގުރާމައާއި ބަނީ ޤުރައިޟާ ހަނގުރާމައާއި ބަނީ މުޞްޠަލިޤް ހަނގުރާމަ ފަދަ ހަނގުރާމަތައް ހިމެނުނެވެ. މިހަނގުރާމަ ތަކުގައި މުސްލިމް ލަޝްކަރުގެ ޢަސްކަރީންނައި އެކު ޚުދު އެކަލޭގެފާނު ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެން، ހަނގުރާމަ ކުރެއްވިއެވެ.

ހިޖްރީން، 6 (ހައެއް) ވަނަ އަހަރު، ޢުމްރާއަކަށް ނިޔަތްގަނެ، 1400 (އެއްހާސް ހަތަރުސަތޭކަ) މުސްލިމުންނައި އެކު، މުޙައްމަދުގެފާނު މައްކާއަށް ދަތުރައިގެން ނުކުންނެވިއެވެ. އެހެނަސް ޤުރައިޝުން އެކަލޭގެފާނާއި މުސްލިމުން މައްކާއަށް ވަނުމަށް ހުއްދަ ނުދީ މަނާކުރުމުން، ޢުޘްމާނުގެފާނު ޤުރައިޝުންގެ ބޮޑުންނައި ވާހަކަ ދައްކަވައި މަޝްވަރާކު ރެއްވުމަށް މައްކާ ތެރެއަށް ފޮނުއްވީއެވެ.

ދެން، ޚަބަރެއްނުވެ ގިނަދުވަސް ވެފައި ވަނިކޮށް، ޚަބަރުތައް ފެތުރިގެން ދިޔައީ ޤުރައިޝުން، ޢުޘްމާނުގެފާނު އަވަހާރަކޮށް ލައިފި ޚަބަރެވެ. މިކަމާ މުސްލިމުން ކަންބޮޑުވެ، އެއްޚިޔާލަކަށް އާދެވި، މުޙައްމަދުގެފާނައި އެކު މަރުވުމަށް ދާންދެން ރުހުމުގައި ދެމިތިބުމަށް، އެބޭފުޅުން ތިއްބެވި ގަސްދޮށުގައި ބައިޢަތް ހިއްޕެވީއެވެ. މި ބައިޢަތަށް ބައިޢަތު ރިޟްވާން، ނުވަތަ ގަސްދޮށުގެ ބައިޢަތް އޭ ކިޔުނެވެ.

މިވާހަކަ ޤުރްއާނުގެ ސޫރަތުލް ފަތަޙަގެ، 18 ވަނަ އާޔަތުގައި ވެއެވެ. ބައްލަވާ ލައްވާށެވެ!

لَّقَدْ رَضِيَ اللَّـهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾

“ގަސްދަށުގައި ކަލޭގެފާނަށް ބައިޢަތު ހިފާހިނދު، ހަމަކަށަވަރުން މުއުމިނުންނައި މެދު، ﷲ ރުހި ވޮޑިގެންފިއެވެ. ފަހެ، އެބައިމީހުންގެ ހިތްތަކުގައި ވާގޮތް، ﷲ ދެނެވޮޑިގެންފިއެވެ. ދެން އެބައިމީހުންގެ މައްޗަށް ހަމަޖެހުން ބާވައިލައްވައި އެބައި މީހުންނަށް ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ ނަޞްރު ދެއްވިއެވެ.”

އެއީ ކުރިޔަށް ލިބުނު، މައްކާފަތަޙަ ވުމުގެ އުފާވެރި ޚަބަރެވެ. ފަހެ، މިޚަބަރު ޤުރައިޝުންނަށް ދިއުމުން، އެމިހުންކަންބޮޑުވެ އަންނަ އަހަރު މުސްލިމުން މައްކާއަށް އެރުމުގެ ހުއްދަދިނުމަށް ޚިޔާލުކުރިއެވެ. އަދި، ޢުޘްމާނުގެފާނު އަނބުރާޕައި ފޮނުއްވާ ލެއްވިއެވެ.

ދެން ދެފަރާތުގެ ވާހަކަތައް ރަސްމީ ސިފައެއްގައި ހިނގައިގަނެ ދިގުމުއްދަތުގެ ޞުލްޙައަކަށް އެއްބަސް ވެވުނީއެވެ. މި އެއްބަސްވުމަށް ޙުދައިބިއްޔާ ޞުލްޙައޭ ކިޔުނެވެ. މުސްލިމުން އޭރު ތިއްބެވީ ޙުދައިބިއްޔާގައި ކަމުން މިޞުލްޙައަށް އެނަން ދެވުނީއެވެ. މިޞުލްޙައިގައި އަންނަ އަހަރު މައްކާއަށް އެރުމުގެ ހުއްދަދެވުނެވެ.

ދެން ފަހެ، ޚާލިދު ބިން ވަލީދު އާއި ޢަމްރު އިބްނުލްޢާޞް ފަދަ ވަރުގަދަ ބޭފުޅުން އިސްލާމްވެ ވަޑައިގެން މުސްލިމުންނަށް އިތުރު ހިތްވަރާއި ބާރުތައް ލިބިގެންދިޔައެވެ. އަދި ކުރިޔަށް އޮތް އަހަރު މައްކާ ފަތަޙަ ކުރެއްވުމުގެ ތައްޔާރީތައް ފެށުނެވެ. މުސްލިމުންނަށް އާރާއިބާރު ލިބި މަދީނާގެ ސަރުކާރު ޤާނޫނީ ޙުކޫތަމެއްގެ ހައިބަތައި އެކު ހިނގަންފެށުމުން ޔަހޫދީންގެ ދުއްތުރާތަކާއި އުނދަގޫތައް އިންތިހާއަށް އިތުރުވެގެން ދިޔައެވެ.

ފަހެ، ހިޖްރީން، 8 (އަށެއް) ވަނަ އަހަރުގައި ޚައިބަރު ހަނގުރާމައާއި މައުތާ ހަނގުރާމަ ކުރެވުނެވެ. އަދި ހިޖްރީން، 8 (އަށެއް) ވަނަ އަހަރުގައި މައްކާފަތަޙަ ކުރެއްވިއެވެ. އެއާއެކު، އިސްލާމްދީނަށް ފުރިހަމަ ނަޞްރު ލިބިގެން ދިޔައީއެވެ. ދެން، ގެފުޅުގައި ހުރި ބުދުތައް ނެގުމަށް މުޙައްމަދުގެފާނު އަމުރު ކުރެއްވިއެވެ. މިނަޞްރާއި ގުޅިގެން ޤުރްއާންގެ ސޫރަތުލް އިސްރާގެ، 81 ވަނަ އާތަޔް ބައްލަވާށެވެ!

وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾

“ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތުގައި (އެހެނީ، އިސްލާމްދީން) އަތުވެއްޖެއެވެ. އަދި (ޝިރުކާއި) ބާޠިލު ގޮތްނެތި ފިލައި ހިނގައްޖެއެވެ. ހަމަ ކަށަވަރުން ބާޠިލް އަކީ، ހީނަރުވެ ފިލައި ދަނިވި އެއްޗެކެވެ.”

އާދެ! އެއަށް ފަހު، ޙުނައިން އާއި ޠާއިފް ހަނގުރާމަ ކުރެއްވިއެވެ. އިސްލާމީ އުންމަތަށާއި މުސްލިމުންނަށް މަތިވެރި ކާމިޔާބުތައް މަތިމަތީން ލިބެންފެށިއެވެ. މިހާހިސާބުން، މުޙައްމަދުގެފާނުގެ ވިސްނުންފުޅު ޝާމްކަރައައި ދިމާއަށް އަމާޒުކުރެވުނެވެ. ފަލަސްޠިން އަކީ، އެކަލޭގެފާނު ހިތްޕުޅާވާ ބިމެކެވެ.

އެކަންވަނީ ހާމަ ކުރައްވާފައެވެ. ފަލަސްޠީން ފަތަހަކުރެއްވުމުގެ ވިސްނުންފުޅުގައި އެމަގަށް މަގުކޮށްޓެވުމުގެ ބޭނުމުގައި ތަބޫކް ހަނގުރާމަ ކުރެއްވިއެވެ. ތަބޫކްއަކީ ޢަރަބި ކަރައިން ފަލަސްޠީން އަށް އެންމެގާތްކޮށް، އެރެންއޮންނަ މަގެވެ.

ފަހެ، ތަބޫކުގެ އަހްލުވެރިން ޞުލްޙަވެ، ފަލަސްޠީންގެ ބިމުގައިވާ އީލިޔާ އަށް އިސްލާމީ ލަޝްކަރުން ވަފުދުތައް އީލިޔާގެ އަހްލުވެރިން ވެސް ޞުލްޙަ ޚިޔާރުކުރޭތޯ ފޮނުވައިގެން މަސައްކަތް ފެށުނެވެ. އީލިޔާއަކީ، ޤުދުސްއަށް ކިޔަމުން ގެންދިޔަ ޤަދީމީ ނަމެކެވެ. ދެން ހުރި އެހެންރަށް ތަކަށް، ޚާލިދު ބިން ވަލީދު މުސްލިމުންގެ ލަޝްކަރީންނައި އެކު ފޮނުއްވުމަށް ފަހު، މުޙައްމަދުގެފާނު މަދީނަށް ވަޑައިގަތީއެވެ.

ފަހެ، ތަބޫކު ހަނގުރާމައަކީ، މުޙައްމަދުގެފާނު ޢަމަލީ ގޮތުން ކުރެއްވި އެންމެފަހުގެ ހަނގުރާމައެވެ. ޢަރަބި ޤަބީލާތައް އެކުގައި ފަތަޙަކުރެވި، ޢަރަބި ޖަޒީރާތަކުގެ ހުރިހާ ހިސާބަކަށް އިސްލާމް ދީން ފެތުރި، އިސްލާމީ އުންމަތް ވަރުގަދަވެ ނިމުނީއެވެ.

އާދެ! މުޅި ޢަރަބި ޖަޖީރާ އެކުގައި މުސްލިމުންނަށް، ފަތަޙަ ކުރެވުނީއެވެ. މަދީނާގައި ޤައިމުކުރެވުނު ޤާނޫނީ ޙުކޫމަތް (ސަރުކާރު) މުސްލިމުންގެ ބާރުގަދަ ބާރަކަށްވެ، މުޅި ދުނިޔެ ސިއްސުވާލައި ފިއެވެ.  އޭރު ދުނިޔޭގައި ވެރިކަން ކުރަމުން ގެންދިޔަ ރޯމަނުންގެ ބިރަކަށް އިސްލާމީ އުންމަތް ވެގެން ހިގައްޖެއެވެ.

ހިޖްރައިން، 10 (ދިހައެއް) ވަނަ އަހަރު، އެއްލައްކަ މުސްލިމުންނައި އެކު، މުޙައްމަދުގެފާނު ޙައްޖުގެ މާތް އަޅުކަން ކުރެއްވިއެވެ. އަދި މާތް މަތިވެރިވެގެންވާ، ޚުތުބާ މުޅި އިސްލާމީ ދުނިޔެއަށާއި އެންމެހައި މީސްތަކުންނަށް ދެއްވިއެވެ. ފަހެ، މިއީ އެކަލޭގެފާނުގެ އެންމެފުރަތަމަ އަދި އެންމެ ފަހުގެ ޙައްޖުވުމެވެ. މިމަތިވެރި އަޅުކަމުގެ ތެރޭގައި އިސްލާމްދީން ފުރިހަމަ ވެއްޖެކަމުގެ ވަޙީ ބާވައި ލެއްވުނެވެ.

ޤުރްއާން މަޖީދުގެ ސޫރަތުލް މާއިދާގެ، 3 ވަނަ އާޔަތުން ބައެއް ބައްލަވާށެވެ!

“الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا”

“އަދު ތިޔަބައިމީހުންގެ ދީން، ތިޔަބައި މީހުންނަށް، ތިމަންﷲ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި، ތިމަންﷲގެ ނިޢްމަތް ތިޔަބައި މީހުންގެ މައްޗަށް، ތިމަންﷲ ފުރިހަމަ ކުރައްވައިފީމެވެ. އަދި، އަލްއިސްލާމް (އިސްލާމް ދީން) ތިޔަބައި މީހުންނަށް ދީނެއްކަމުގައި، ތިމަންﷲ ރުހިވޮޑިގެން ފީމެވެ.”

ފަހެ ދަންނާށެވެ! މި އާޔަތް ބާވައިލެއްވީ، ޙައްޖަތުލް ވިދާޢުގެ އަހަރު ޢަރަފާތު ދުވަހުއެވެ. ދުލް ޙިއްޖާ މަހުގެ، 9 (ނުވައެއް) ވީ، ހުކުރު ދުވަހުއެވެ. އެއީ، ހިޖްރައިން، 10 (ދިހައެއް) ވަނަ އަހަރެވެ. މިހާ ހިސާބުން ވަޙީގެދޮރާށި ބަންދުވެ، އިސްލާމްދީން ފުރިހަމަވީއެވެ.

ދުނިޔޭގައި އުފެދިގެން ދިޔަ އިސްލާމީ އުންމަތުގެ މައްޗަށް ފުރިހަމަ ވެގެންވާ ޝަރީޢަތެއް ޤައިމުވެ، އެދީނާއި ޝަރީޢަތް ޤިޔާމަތައި ހަމައަށް ދެމެހެއްޓުމުގެ ވާޖިބު އެންމެހައި މުސްލިމުންގެ ކޮނޑުގައި އެޅުނީއެވެ. މުޙައްމަދުގެފާނުގެ ޙައްޖަށް، ހަތަރުމަސް ފުރިހަމަ ނުވަނީސް، އެކަލޭގެފާނު ހުންފުޅެއްގެ ވަރުގަދަ އާލާސްކަންފުޅެއްގައި މަދީނާގައި އެކަލޭގެފާނު ބިނާކުރެއްވި މަސްދިދުއް ނަބަވީ އައި އިންވެގެން ހުންނަ ޢައިޝަތުގެފާނުގެ ކޮޓަރި ކޮޅުގައި އޮންނަވާން ޖެހި ވަޑައި ގަތީއެވެ.

މާގިނަ ދިވަހެއްނުވެ، މިދުނިޔެ ދޫކުރައްވައި އެކަލޭގެފާނު، ﷲގެ ޙަޟްރަތަށް ވަޑައިގަތީ ހިޖްރައިން، 11 (އެގާރަ) ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގެ، 12 (ބާރަ) ވީ ހޯމަ ދުވަހުގެ ހެނދުނު ފަތިސް ނަމާދަށް ފަހު އެވެ. އެއީ، 8 ޖޫން 632 މ. އެވެ. އޭރު ޢުމުރުފުޅަކީ، 63 (ފަސްދޮޅަސް ތިނެއް) އަހަރުފުޅެވެ.

ފަހެ، ދެން ފުށުނީ، 4 (ހަތަރެއް) ޚަލީފާއިންގެ (ޚުލަފާއުއްރާޝިދޫންގެ) ވެރިކަމެވެ. އިސްލާމީ އުންމަތުގެ އެންމެ އުޖާލާ ދުވަސްވަރެވެ. އަބޫބަކުރުގެފާނަށް މުސްލިމުންގެ އެންމެން ބައިޢަތު ހިފީ އެއްވެސް ނުރުހުންތެރި ކަމެއްނެތި ހިތުގެފުންމިނުން ލޯތްބާއި ކުލުނާ އެކުގައެވެ. ޢުމަރުގެފާނައި އެކު، މުސްލިމުންގެ އިސްސަފުގައި ތިއްބެވި ހުރިހާ ޞަޙާބިން ހިތުންރުހި ޤަބޫލުފުޅުކަމާ އެކުގައެވެ.

ފަހެ، އަބޫބަކުރުގެފާނަކީ، ފިރިހެނުންގެ ތެރެއިން އެންމެ ފުރަތަމަ އިސްލާމްވެ ވަޑައިގެންނެވި ބޭފުޅާއެވެ. ޚިލާފަތުގައި ހުންނެވީ، 632 އިން ފެށިގެން، 634 މ. އަށެވެ. އަބޫބަކުރުގެފާނު ދުނިޔެ ދޫކުރެއްވުމަށް ފަހު، އިސްލަމީ އުންމަތުގެ، 2 (ދޭއް) ވަނަ ޚަލީފާއަށް ހޮވިވަޑައިގަތީ، އެންމެހައި މުސްލިމުންގެ ރުހުމާއި ތާއީދައި އެކު، ޢުމަރުގެފާނު (ޢުމަރު އިބްނުލް ޚައްޠާބް) އެވެ. ޚިލާފަތުގައި ހުންނެވީ، 634 އިން ފެށިގެން، 644 މ. އަށެވެ.

އަލްޚުލަފާއުލް ރާޝިދޫންގެ އެރުން:

މުޙައްމަދުގެފާނުގެ ޤާނޫނީ ޙުކޫމަތުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތު، އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ވެސް ޙުކޫމަތު ހިންގެވުމުގައި ދެމެހެއްޓެވިއެވެ. އެބޭފުޅުންގެ ޚާރިޖީ ސިޔާސަތުގައި ގެންގުޅުއްވީ، ޚާރިޖީފަރާތް ތަކަށް ސިޓީބިޓީ ފޮނުއްވައި ގެންނާއި ވަފުދުތައް ފޮނުއްވައިގެން، ﷲގެ އެއްކައުވަންތަ ކަމަށް ދަޢުވަތު ދެއްވުމެވެ. އަދި ސާފުތެދުމަގުގެ އިސްލާމްދީނަށް ގޮވާލެއްވުމެވެ.

އެގޮތުގެ މަތީން ރޯމަނުންގެ ދަށުގައި ޝާމްކަރައިގެ އެކިހިސާބުގައި އުފެދިފައި ހުރި އެކިއެކި ޤައުމުތަކައި ހަނގުރާމަ ކުރައްވައި ފަތަޙަ ހޯއްދެވިއެވެ. ޝާމްކަރައިގެ ބިމުގައި އިސްލާމީ އުންމަތަށް ބޮޑެތި ނަޞްރުތައް ލިބުނެވެ.

ފަހެ، މުޙައްމަދުގެފާނު ދުނިޔެ ދޫކުރެއްވުމުގެ ކުރިން، ޝާމްކަރައަށް ފޮނުއްވާނެ ވަރުގަދަ ޢަސްކަރީ ލަޝްކަރެއް ވަނީ، ތައްޔާރީޙާލަތުގައި މަދީނާ މުނައްވަރާގެ ބޭރަށް ނެރުއްވައި ތައްޔާރު ކުރައްވާފައެވެ. އަދި، އިސްލާމީ އުންމަތުގެ މިލަޝްކަރުގެ ކޮމާންޑަރެއް ހަމަޖައްސަވައި އިސްލާމީ ދިދަ ދެއްވާފައި ވަނީ، ޒުވާން އުސާމާ ބިން ޒައިދު އިބްނު އަލްޙާރިޘާ އަށެވެ.

ފަހެ، އުސާމާގެ ލޮބުވެތި ބައްޕަ، ޒައިދު އިބްނު އަލްޙާރިޘާ، ކުރީގެ ހަނގުރާމައެއްގައި ޝަހީދުވެ ވަޑައިގަތް އިރު، އުސާމާގެ ޢުމުރުފުޅަކީ އެންމެ، 15 (ފަނަރަ) އަހަރެވެ. އަދި މުޙައްމަދުގެފާނު، އިސްލާމީ އުންމަތުގެ ލަޝްކަރުގެ ލީޑަރަކަށް އުސާމާ ހެއްދެވި އިރު، އުސާމާގެ އުމުރުފުޅަކީ، 18 (އަށާރަ) އަހަރެވެ.

އެހާ ޒުވާންއިރު ހަނގުރާމަމަތީ ލަޝްކަރެއްގެ ޤާޢިދަކަށް، އުސާމާ ހަމަޖެއްސެވީ، ހިތްވަރުގަދަ ކަމުގެ ލާމަޘީލް ނަމޫނާއަކަށް ވެފައި، ޚާއްޞަ ސަބަބުތަކެއް ހުރެގެންކަން ކަށަވަރެވެ. މުޙައްމަދުގެފާނުގެ އާލާސްކަންފުޅު ބޮޑުވުމުގެ ކަންތަކައި ހެދި، މިލަޝްކަރު ޝާމްކަރައާ ދިމާއަށް ނުކުތުން އޮތީ މަޑު ޖެހިފައެވެ.

ފަހެ، ދަންނާށެވެ! އުސާމާގެ ޒުވާން ޢުމުރައި ހެދި، ބައެއްދޮށީ ޞަޙާބީން އެވާހަކަ އަބޫބަކުރުގެފާނައި ހަމައަށް ގެންދެވިއެވެ. އެހެންނަމަ ވެސް މުޙައްމަދުގެފާނުގެ އާލާސްކަންފުޅުގައި ދުނިޔެދޫކުރެއްވުމުން، އަބޫބަކުރުގެފާނު ވެރިކަމުގެ ބައިޢަތު ހިއްޕެވުމަށް ފަހުވެސް، އެލަޝްކަރަށް އެއްވެސް ބަދަލެއް ނުގެންނަވައި މުޙައްމަދުގެފާނު ހަމަޖައްސަވާފައި އޮތްގޮތަށް ހަނގުރާމައަށް ނެރުއްވީއެވެ.

އަދި އަބޫބަކުރުގެފާނު ހިންގަވާފައި، އުސާމާ ސަވާރީގެ މަތީގައި ބައިންދަވައިގެން ހަނގުރާމައަށް ނެރުއްވައި ނަޞޭޙަތްތެރި ވެލެއްވުމަށް ފަހު، ހަނގުރާމައިގެ މައިދާނަށް ފޮނުއްވައި ލެއްވީއެވެ. އުސާމާ، އަބޫބަކުރުގެފާނަށް ސަވާރީއަށް އަރުއްވައި ވަޑައިގަތުމަށް ދެންނެވުމުން ވެސް، ސަވާރީގައި އުސާމާ ބައިންދަވައިގެން، އަބޫބަކުރުގެފާނު ހިންގަވާފައި މަދިނާގެ ބޭރަށް، އިސްލާމީ ލަޝްކަރާ އެކު ހިންގަވާފައި ވަޑައިގަތެވެ. ލަޝްކަރު ޝާމްކަރައަށް މިޞްރާބު ޖެހުމުން އަބޫބަކުރުގެފާނު ދެއްވަން ބޭނުންފުޅުވާ ނަޞޭޙަތެއް ދެއްވުމަށް ފަހު، އެނބުރި މަދީނާމުނައްވަރާ އަށް ވަޑައިގަތީއެވެ.

ފަހެ، އެދުވަސްވަރު ދުނިޔޭގައި އެންމެ ބާރުގަދަ ދެދައްލަތް ކަމުގައިވާ، ފަރިސީންނާއި ރޯމަނުންނައި ހަނގުރާމަ ކުރުމަށް އިސްލާމީ އުންމަތުގެ ލަޝްކަރުތައް ފޮނުއްވައި އެރަސްކަން ތަކައި ހަނގުރާމަ ކުރެއްވީއެވެ. މިލަޝްކަރު މަދީނާމުނައްވަރާއިން ނުކުތީ އަބޫބަކުރުގެފާނުގެ ބެއްލެވުމުގެ ދަށުގައެވެ. އެހެނަސް އެކަލޭގެފާނު ދުނިޔެދޫކުރެއްވުމުން މިލަޝްކަރުގެ ޤިޔާދަތު ބެލެހެއްޓެވީ، އިސްލަމީ އުންމަތުގެ ދެވަނަ ޚަލީފާކަމުގައިވާ، އުމަރުގެފާނެވެ.

އާދެ! ފަހުން މިލަޝްކަރު، 4 (ހަތަރެއް) ދިމާއަކަށް، 4 (ހަތަރެއް) ބަޔަށް ބައްސަވައިލައްވައި ހަތަރު ލީޑަރުން ހަތަރުލަޝްކަރަށް ހަމަޖެއްސެވިއެވެ. ޙިމްޞް (HOMS) އައި ދިމާއަށް ސޫރިޔާއަށް ފޮނުއްވީ، އަބޫ ޢުބައިދަތް ބިން އަލްޖައްރާޙްގެ ލަޝްކަރެވެ. ފަލަސްޠީން އައި ދިމާއަށް ފޮނުއްވީ، ޢަމްރު ބިން އަލްޢާޞް އެވެ. ދަމިޝްޤްއައި ދިމާއަށް ފޮނުއްވީ، ޔަޒީދު ބިން އަބީސުފްޔާން އެވެ. އަދި، ޝަރަހްބީލް ބިން ޙަސްނާ އުރްދަން (ޖޯރޑަން) އައި ދިމާއަށް ފޮނުއްވާ ލެއްވިއެވެ.

ފަހެ، އިސްލާމީ އުންމަތުގެ މިލަޝްކަރުތަކުން، ފާރިސްކަރައާއި ރޯމްންކަރައާއި ރޯމަނުންގެ ދަށުގައި އޮތް، ޝާމްކަރައާއި ފަލަސްޠީން އާއި މިޞްރާއި ސޫރިޔާއާއި އުރްދަން ފަދަ ދައްލަތްތަކާއި ޤައްމުތައް ފަތަޙަކުރީއެވެ. މިހުރިހާ ކާމިޔާބީތަކާއި ފަތަޙަތައް އިސްލާމީ އުންމަތަށް ލިބިގެން ދިޔައީ، ޢުމަރުގެފާނުގެ ޚިލާފަތުގައި އެކަލޭގެފާނުގެ ޤިޔާދަތުގެ ދަށުގައެވެ.

ޢަމްރު ބިން އަލްޢާޞްގެ ލަޝްކަރުން ޣައްޒާއާއި ނާބްލަސްއާއި ފަލަސްޠީންގެ އެހެނިހެން ރަށްތައް ފަތަޙަކޮށް، ޤުދުސްއައި ހަމައަށް ދެވުމުން، މުސްލިމް ލަޝްކަރު ޤުދުސް ވަށާލުމަށް ފަހު، ހަނގުރާމަނުކޮށް މަޑުޖައްސާލީ، ސިޔާސީގޮތުން ޞުލްޙަ ހޯދުމަށެވެ.

ފަހެ، ދީނީގޮތުންނައި ސިޔާސީގޮތުން ޤުދުސްގެ ކަންތައް ހަމަޖެއްސުމަށެވެ. ފަހެ، އެހިސާބުން ރޯމަން ބައިޒަންތީންގެ ބާރު، ޤުދުސް ދިފާޢު ކުރުމުގައި ކެނޑިގެން ހިގައްޖެއެވެ. ޤުދުސްގެ ވަށާފާރުން ބޭރަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނެތުނީއެވެ. ޤުދުސްގެ ޔަހޫދީންނާއި މަސީޙީންގެ ބޮޑުން އެތެރޭގައި ތާށިވެ ބަންދުވީއެވެ.

ފަހެ، ޝާމްކަރައިގެ ހުރިހާރަށްތަކެއް މުސްލިމުންނައި ގުޅި، ޞުލްޙަވެ އިސްލާމީ ލަޝްކަރަށް ފަތަޙައާއި ނަޞްރު ލިބުނީއެވެ. ޙައްޤުއައީއެވެ. ބާޠިލްނެތި ދިޔައީއެވެ. ދެން، ޢަމްރު ބިން އަލްޢާޞް ރޫމީންގެ ޤާޢިދަށް ސިޓީފުޅެއް، އަމާންދިނުން އެދި  ފޮނުއްވިއެވެ.

ތާރީޚުއްޠަބަރީ ގައި އެފޮތުގެ މުޞައްނިފް ލިޔުއްވާފައި ވަނީ، އެސިޓީގެ ޖަވާބުގައި ރޯމަނުންގެވެރިޔާ ލިޔުއްވާފައި ވެއެވެ. “ހަމަކަށަވަރުން ޤުދުސް ފަތަޙަކުރައްވާނީ، ތިންއަކުރުން ކިޔޭ ނަންފުޅަކުން ނެވެ. ހަތަރު އަކުރުން ކިޔޭ ނަންފުޅަކުން ނޫނެވެ.” ޢަރަބިބަހުން ޢުމަރު ކިޔެނީ، ތިންއަކުރުންނެވެ. ޢަމްރު ކިޔެނީ، ހަތަރު އަކުރުންނެވެ.

ޤުދުސް ދިފާޢު ކުރުމުގެ ހިތްވަރާއި ބާރު ރޯމަނުންނަށް ނެތިދިޔަ ހިސާބުން ޤުދުސްގެ ސެޕަލްޗަރ ފައްޅީގައި (CHURCH OF THE HOLY SEPULCHER) ރޯމަން ބައިޒަންތީންގެ ފަރާތުން ހުންނަ ނަޞާރާ ފައްޅިތަކުގެ އެންމެ އިސްފާދިރީ އެއްގެ ގޮތުގައި، އޮތޮޑޮކްސް ޕެޓްރިއާކް (PATRIACH OF JERUSALEM) ގެ މަޤާމުގައި ހުންނެވި، ސޫފްރޫނިޔޫސް (St. SOPHRONIUS) ބޮޑުފާރުމަތިން ބޯދިއްކުރައްވައި އިސްލާމީ އުންމަތުގެ ލަޝްކަރައި މުޚާޠަބްކޮށް ދެންނެވިއެވެ.

ޚަލީފާ ޢުމަރުގެފާނު ޤުދުސްއައި ޙަވާލުވެ ވަޑައިގަތުމަށް ޤުދުސްއަށް ވަޑައިގަންނަވާށެވެ. ދެން އިސްލާމީ ލަޝްކަރުގެ ޤާޢިދު ޢަމްރު ބިން އަލްޢާޞް މިވާހަކަ ޚަލީފާ ޢުމަރުގެފާނަށް ލިޔުއްވުމުން، ޢުމަރުގެފާނު ޤުދުސްއަށް ސަވާރީއެއްގެ މަތީގައި ޣުލާމަކައި އެކު ވަޑައިގަތެވެ.

މިމަންޒަރު ރޯމަނުންނަށް ޢަޖައިބަކަށްވިއެވެ. އަދި ޤުދުސްއަށް ސޫފްރޫނިޔޫސް އަރިހުގައި ވެންނެވުމަށް ފަހު، ޤުދުސްގެ ތަޅުދަނޑިފަތި ޢުމަރުގެފާނައި ޙަވާލުކުރެވުނެވެ. މަސްޖިދުލް އަޤްޞާއަށް ވެންނެވީ، “لبيك اللهمَّ لبيك، بما هو أحب إليك” ވިދާޅުވަމުންނެވެ. ދެން ވަޑައިގަތީ ސެޕަލްޗަރ ފައްޅިއަށެވެ.

ހަޤީޤަތުގައި އެއީ ދާއޫދުގެފާނު ބިނާކުރެއްވި މުސްލިމުންގެ މިސްކިތެވެ. އެއިރު އެއީ، ނަޞާރާއިންނާއި ޔަހޫދީންގެ އެންމެބޮޑު މަރުކަޒެވެ. ވެރިކަމުގެ ދީވާން އެވެ. ދަރުބާރެވެ. ޤުދުސްއަށް ޢުމަރުގެފާނު ވެންނެވީ ފާތިޙެއްގެ އެންމެމަތީ ދަރަޖައިގައި މުސްލިމް ލަޝްކަރާ އެކުގައެވެ. އެއީ ހިޖްރީން، 15 (ފަނަރަ) ވަނަ އަހަރުގައެވެ.

ފަހެ، އެހިސާބުން މުޅި ފަލަސްޠީން އެކުގައި ފަތަހަވެ، ނަޞްރާއި ކާމިޔާބު މުސްލިމުންނަށް ޙައްޤުވީއެވެ. ނަޞާރާއިންގެ ބޮޑުންގެ އިތުރުން ޔަހޫދީންގެ ބައެއްބޮޑުން ވަޑައިގެން އެކަލޭގެފާނައި ބައްދަލުކުރައްވައި އެކިބަސްތަކުން މަރްޙަބާ ދެންނެވިއެވެ. އޭގެތެރެއިން ޔަހޫދީބޮޑަކު ދެންނެވިއެވެ. “އަހުރެން މުސްލިމުންނައި އީލިޔާގެ އަހުލުވެރީން ޞުލްޙަވާތަން ދެކެން ބޭނުމެވެ.” އާދެ! ޤުދުސް ފަތަޙަވީ، 636 މ. ގައެވެ. ބައެއް މުއައްރިޚުން ލިޔުއްވާ ގޮތުންނަމަ، 635 މ. ގައެވެ.

ޤުދުސްގައި އެހިނދު ޖަމާވެފައި ތިބި އެންމެހައި މީސްތަކުންނައި މުޚާޠަބްކުރައްވައި ޢުމަރުގެފާނު ޚާއްޞަ ޚުޠުބާއެއް ދެއްވިއެވެ. މިޚުޠުބާގައި އެކަލޭގެފާނު ވިދާޅުވިއެވެ.

“އޭ! އަހްލު އީލިޔާއެވެ! އަހަރުމެންނަށް ހުރި އެއްޗެއް ވިއްޔައި ތިޔަބައި މީހުންގެ މައްޗަށް ހުއްޓެވެ! އަދި، ތިޔަބައި މީހުންގެ މައްޗަށް، އަހަރުމެންނަށް ހުރި ގޮތްތައް ހުއްޓެވެ!”

ދެން އެއަށްފަހު، ބޮޑުފާދިރީ ސޫފްރޫނިޔޫސް، ޢުމަރުގެފާނުގެ ދަޢްވަތު ޤަބޫލްކޮށް އެމީހުންގެ މަރްކަޒު ކަމުގައިވާ ސެޕަލްޗަރ ފައްޅިއަށް ވަދެވަޑައިގަތެވެ. އެތާގައި ތިއްބަވަނިކޮށް ނަމާދު ވަގުތުއައިސް ޖެހުމުން، ސޫފްރޫނިޔޫސް އެކަލޭގެފާނަށް ފައްޅީގައި ނަމާދުފުޅު ކުރެއްވުމަށް ދެންނެވުމުން، ޢުމަރުގެފާނު ފައްޅީގައި ނަމާދު ކުރެއްވުމަށް އިންކާރު ކުރައްވައި މަސްދިޖުލް އަޤްޞާގެ މިޙްރާބް ކޮބައިތޯ ދެންނެވުމުން، ދާއޫދުގެފާނު އެޅުއްވި ބިންގާހުރިތަނައި ދިމާއަށް އިޝާރާތް ކުރެއްވުމުން، އެތަން ސާފުކުރެއްވުމަށް ފަހު، މުސްލިމް ލަޝްކަރާ އެކު އެތާގައި އިސްވެ ނަމާދު ކުރެއްވީއެވެ. އަދި އެބިންގަލުގެ މަތީގައި މަސްޖިދުލް އަޤްޞާ މަރާމާތު ކުރެއްވީއެވެ.

އާދެ! ފަލަސްޠީން އިސްލާމީ ފަތަޙައަށް ފަހު، ނަޞާރާއިންނާއި ޔަހޫދީންނަށް އެބިމުގައި އުޅުމުގެ ހުއްދައެއް ލިޔުމުން ދެއްވައި، މަސީޙީންގެ ބޮޑުންނައި އެކު، ޢަހްދުނާމާއެއް ލިޔުއްވައި އެއަށް ޢަމަލު ކުރައްވާން ފެއްޓެވީއެވެ. މިއިން ޒަމާނަކު ނަޞާރާއިންނާއި ޔަހޫދީން ހިތްހަމަ ނުޖެހޭ މިންވަރަށް ހިތްހަމަޖެހި ޤުދުސްގައި މިނިވަންކަމާ އެކު، ދިރިއުޅުމުގެ ފުރުޞަތު އެމީހުންނަށް ޢުމަރުގެފާނު ދެއްވީއެވެ.

ފަހެ، އިސްލާމީ ލަޝްކަރުތައް ރޯމަން ކްރިސްޗިއަނުން ބަލިކޮށް، މިސަރަޙައްދުތައް ފަތަޙަ ކުރުމަށް ފަހު، މިހާރުގެ ސޫރިޔާއާއި ލުބްނާންއާއި އުރްދުން އާއި ފަލަސްޠީން ހިމެނޭ ސަރަޙައްދަކީ، “ބިލާދުއްޝާމް” ގެނަމުން ނަން ދެއްވައި އިސްލާމީ ޚިލާފަތުގެ ޕްރޮވިންސެއް ކަމުގައި ހަމަޖެއްސެވިއެވެ. އިސްލާމީ ވެރިކަމުގައި ޔަހޫދީންނަށް ފަލަސްޠީން އަށް އައުމާއި ދިއުމުގެ، އަދި އުފަލާއި ތަނަވަސް ކަމުގައި ފަލަސްޠީންގައި ދިރިއުޅުމުގެ ހުރިހާ މަގުތަކެއް ފަހިވެގެން ދިޔައެވެ.

އިސްލާމީ ޚިލާފަތުގެ ފަރާތުން ދުވަހަކުވެސް ފަލަސްޠީންގެ ބިމުން ޔަހޫދީން ހުސްކުރާން، ނުވަތަ ޔަހޫދީ ދީނަށް ދަތިކުރާކަށް ވެސް ކަމެއްކޮށް ފައެއް ނުވެއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގައި ފަލަސްޠީން އިދާރީގޮތުން ދެބަޔަކަށް ބައްސަވައި ލެއްވިއެވެ. ވެރިކަމުގެ ނިޒާމަށް އިދާރީ ބަދަލުތައް ގެންނެވިއެވެ. ވެރިކަމުގެ ނިޒާމް ރިފޯމްކުރެއްވުމަށް ގިނަ ބަދަލުތަކެއް ގެންނެވިއެވެ. ދެން، ނަޞާރާއިން ސެޕަލްޗަރ ފައްޅި މަޑުމަޑުން އަލުން ހިންގާން ފެށީއެވެ. އަދި ޤުދުސްގެ އެންމެހައި ކަންކަން، އާދައިގެ ރީތި ދިރިއުޅުމަކަށް ބަދަލުވެގެން ދިޔައީއެވެ.

އިސްލާމީ އުންމަތުގެ ދެވަނަ ޚަލީފާ، ޢުމަރުގެފާނު ޤަތުލްކޮށްލީ، ޙައްޖުގެ އަޅުކަމުގެ އެންމެފަހު ބައި ކަމުގައިވާ، ބޮޑުޖަމްރާއަށް ހިލައުއްކަވައި ނިންމާލެއްވި ތަނާހެން، ފީރޯޒް ނަހާވަންދު އޭ ކިޔުނު ފާރިސީ އެކެވެ. މިއީ ފާރިސްކަރައިގެ ސަސާނީންގެ ހަނގުރާމަ ވެރިއެކެވެ.

މީނާ އަތުލައި ގަނެވުނީ، ފާރިސީންނައި އެކު، އިސްލާމީ ލަޝްކަރުންކުރި، ޤާދިސިއްޔާ ހަނގުރާމައި ގައެވެ. މީނާ އަޅެއްގެ ގޮތުގައި ގެންގުޅުއްވީ، އަލްމުޣީރާ ބިން ޝުޢުބާ އެވެ. ޤާތިލްކަލޭގެއަށް ލަޤަބަކަށް ކުޔާއުޅެނީ، އަބޫލުއުލުއު އެވެ.

ޢުމަރުގެފާނު ހަށިކޮޅަށް މިކަލޭގެ ޙަމަލާދިނީ ދެމިޔަތޫނުކޮށް ފައިވާ ޚަންޖަރަކުންނެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ހައެތިފަހަރުން ޙަމަލާ ދިނެވެ. އެކަލޭގެފާނު ޝަހީދުވެވަޑައިގަތީ، ފަހު ޙަމަލާ ކަމުގައިވާ ހަވަނަ ޙަމަލާއިންނެވެ. އެއީ، ޙައްޖުމަހުގައި، ހިޖްރީން 23 ވަނަ އަހަރުގައެވެ.

އެކަލޭގެފާނު ޚިލާފަތުގައި، 10 (ދިހައެއް) އަހަރާއި، 6 (ހައެއް) ދުވަހު ހުންނެވިއެވެ. ޝަހީދުވެ ވަޑައިގެންނެވި އިރު ޢުމުރުފުޅަކީ، 63 (ފަސްދޮޅަސް ތިނެއް) އަހަރުއެވެ. މުޙައްމަދުގެފާނާއި އަބޫބަކުރުގެފާނު ވެސް ދުނިޔެދޫކުރެއްވީ ޢުމުރުފުޅުން، 63 (ފަސްދޮޅަސް ތިނެއް) އަހަރުގައެވެ. އެއީ، 644 މ. އެވެ.

ޢުމަރުގެފާނަށް ފަހު، މުސްލިމުންގެ ޚިލާފަތައި ޙަވާލުވެލެއްވީ ޢުޘްމާނުގެފާނެވެ. އެކަލޭގެފާނު ޚިލާފަތުގެ އޮފީހުގައި އިންނެވީ، 644 އިން ފެށިގެން، 656 މ. އައި ހަމައަށެވެ. ޢުޘްމާނުގެފާނަށް ފަހު، އިސްލާމީ ޚިލާފަތައި ޙަވާލުވެލެއްވީ، ޢަލީގެފާނެވެ. އެކަލޭގެފާނު ޚިލާފަތުގެ އޮފީހުގައި އިންނެވީ، 656 އިން ފެށިގެން، 661 މ. އައި ހަމައަށެވެ. އަލްޚުލަފާއުލް ރާޝިދޫންގެ ޚިލާފަތުގައި ވެރިކަން ކުރެއްވީ މިހަތަރު ބޭފުޅުންނެވެ. ދެން ފެށުނީ އުމަވީންގެ ޚިލާފަތުގެ ދުވަސްވަރެވެ.

ސެޕަލްޗަރ ފައްޅި:

ސެޕަލްޗަރ ފައްޅިއަށް ޢަރަބިބަހުން ކިޔަނީ ކަނީސަތުލް ޤިޔާމަތް (كنيسة القيامة) އެވެ. މިއީ ޢީސާގެފާނުގެ ޒިޔާރަތް ކަމުގައި މަސީޙީން ޤަބޫލްކުރާ ތަނެވެ. އަދި ޞަލީބުގެ އަޞްލު މިތަނުން ފެނިފައިވާ ކަމަށް އެމީހުން ޤަބޫލް ކުރެއެވެ. އަދި އެއީ، ދުނިޔޭގެ ބިންމަތީގައި ހުރި، އެމީހުންގެ އެންމެ މުޤައްދަސް ތަން ކަމުގައި ދެކެއެވެ. މިމަރްކަޒު ހަދާފައި ހުންނަނީ، ޤަދީމީ ޤުދުސް ގައި އެކިދީންތަކުގެ މީހުން އަޅުކަން ކުރުމަށް ބަހާއި ކަނޑައެޅުމަށް ފަހު، ނަޞާރާއިންނަށް ޚާއްޞަކޮށް ފައިވާބައި ގައެވެ.

އެއީ ކްރިސްޗިއަން ކްއާޓަރ ހަދާފައިވާ ބައެވެ. އަޅުގަނޑުމެން މުސްލިމުން ފާހަގަކުރަން ޖެހޭ ޙަޤީޤަތަކީ، އެއީ ހުސް ޒިޔާރަތެއް ކަމެވެ. ޢީސާގެފާނު، އަދި އަޞްލު ޞަލީބެއް ވެސް އެތާކު ނެތްކަމެވެ. އެއީ ސުލައިމާނުގެފާނު ބިނާ ކުރެއްވި މިސްކިތުގެ ބިންގާމަތީގައި ނަޞާރާއިން ހަދައިގެން އުޅޭ ފައްޅިއެއް ކަމުގައެވެ.

ފަހެ، މިފައްޅި ވުޖޫދަށް ގެނައީ ރޯމަނުންގެ، 14 (ސާދަ) ވަނަ އެންޕަޔަރ ހެޑްރިއަން (HADRIAN) އެވެ. މީނާ އޮފީހުގައި އިންނެވީ، 117 އިން ފެށިގެން، 138 މ. އަށެވެ. މަޝްހޫރުވެފައި ވަނީ، ހެޑްރިއަން ފާރު (HADRIAN’S WALL) ބިނާކުރި ރަސްގެފާނުގެ ގޮތުގައެވެ.

އެއަށް ފަހު، ސާސާނީ ފާރިސީންގެ އިރުގައި، 614 މ. ގައި އެތަނުގައި ހުޅުޖެހިއެވެ. ދެން އެއަށްފަހު، ރޯމަނުންގެ ހާކިއުލީސް (HERACLIUS) ރަސްކަމުގައި އަލުން ޞަލީބުހޯދައި، 630 މ. ގައި އެތަން ބިނާކޮށް ފައްޅިއަކަށް އިއާދަކުރިއެވެ.

ދެން އައީ، ރޯމަން ބައިޒަންޠީ ކްރިސްޗިއަނުން މުސްލިމުންނައި ޞުލްޙަވާން މަޖްބޫރުވެ، 638 މ. ގައި ޢުމަރުގެފާނު މުސްލިމުންގެ ލަޝްކަރާ އެކު، އެފައްޅިއަށް ވެންނެވުމެވެ. އެހިނދުން ފެށިގެން ޢުމަރުގެފާނުގެ ޚަލީފާކަން ނިމި، އުމަވީންނާއި ޢައްބާސީންގެ ޚަލީފާއިންގެ ވެރިކަން ޤުދުސްގައި ދެމިގެން ދިޔައީއެވެ.

ފަހެ، އުމަވީ ޚިލާފަތާއި ޢައްބާސީ ޚިލާފަތުގައި، 750 މ. އައި ހަމައަށްދެމިގެން އައީ މިގޮތުގެ މަތީގައެވެ. ޚިލާފަތުގެ ބާރުގެ ދަށުގައި ޤުދުސް އޮވެގެންނެވެ. ޤަދީމީ ޤުދުސް އަކީ، މުސްލިމުންގެ ޙަރަމްފުޅެއްގެ ގޮތުގައެވެ. ޔަހޫދީންނާއި ނަޞާރާއިންގެ އުނދަގޫތައް އަބަދުވެސް އަންނަމުން ދިޔައެވެ.

އެގޮތުގެ މަތީން، ޔަހޫދީންނައި ނަޞާރާއިން، 831 މ. ގައި އެމީހުން އެބުނާ ފައްޅިއަށް އަނެއްކާވެސް ވެރިވެގަތެވެ. އެހެނަސް، އެއަށް ފަހު، ޢައްބާސީ ޚިލާފަތުގެ ދަށުގައި، 929 މ. ގައި މިޞުރުގައި އުފެދުނު ޝީޢީ ފާޠިމީންގެ ވެރިކަމުގެ ބާރުތަކުން، 1072 މ. ގައި ޚުރާސާނުން ނުކުމެގެންއައި ތުރުކީންގެ ސަލާޖިޤާ އިންގެ ޖެނެރަލެއް ކަމުގައިވާ، ޚަވާރިޒްމީ (KHWAREZMIAN) ދަރިކޮޅުގެ ޢަލާއުއްދީން އިތްސިޒް (ALA ad-DIN ATSIZ) ޤުދުސްއާއި ދަމިޝްޤަށް ވެރިވިއެވެ.

އެއަށް ފަހު، މިޞްރައި ދިމާއަށް ހަނގުރާމަ ފުޅާކޮށް މިޞްރުގައިއޮތް ފާޠީމީދައުލަތް ވައްޓާލަން އުޅުމުން ފާޠިމީންގެ ލަޝްކަރު މިމީހުން ބަލިކޮށް އަދި ފަލަސްޠީނުން ވެސް ފައްސާލީއެވެ. ދެން ފާޠިމީންނައި ކުރިމަތިވި، ޤަރާމިޠާ ތަލާފޮޅުމަށް ފަހު، ޤަރާމިޠީން (QARMATIANS) ބަލިކޮށް، އިސްލާމީ ޚިލާފަތުގެ ދަށަށް ފަލަސްޠީން އެކުގައި ގެނައެވެ.

ފަހެ، މިއި ޢައްބާސީ ޚިލާފަތުގެ ތެރޭގައި މިޞްރުގައި އުފެދުނު ޝީޢީފިކުރުގެ ފާޠިމީ ޚިލާފަތުން ޤުދުސް ބެލެހެއްޓި ދުވަސްވަރެވެ. ފާޠިމީ ދައްލަތް {ޚިލާފަތް} (FATIMID CALIPHATE) ދެމިއޮތީ، 909 އިން ފެށިގެން، 1171 މ. އައި ހަމައަށެވެ. ފާޠިމީ ޚިލާފަތުގެ، 6 (ހައެއް) ވަނަ ރަސްކަލަކީ، އަބޫ ޢަލީ މަންޞޫރް އަލްޙާކިމް ބިއަމްރިއްﷲ (ABU ALI MANSUR al-HAKIM bi-AMR ALLAH, 985 – 1021) އެވެ. ސާދަ ޚަލީފާއިން މިދައުލަތުގައި ވެރިކަން ކުރެއްވިއެވެ.

ފާޠީމީން ޤުދުސްއަށް އަރައި، 18 އޮކްޓޯބަރ 1009 މ. ގައި މިފައްޅި އެކުގައި ބިމައި ހަމަކޮށް މުގުރާލައި ސުންނާފަތި ކޮށްލިއެވެ. އެހެނަސް ފަހުން، 1048 މ. ގައި އަލްޙާކިމްގެ ހުއްދަފުޅާ އެކު، ބައިޒަންޠީ ރަސްކަލެއް ކަމުގައިވާ، ޤުސްޠުންޠީޏް ނުވައެއް، މިފައްޅި އަލުން ބިނާކޮށް އަޅުކަންކުރުމުގެ ހުއްދަ ދެއްވީއެވެ. ފަހެ، ފާޠިމީންނަކީ، ޝީޢީ ފިކުރުގެ އިސްމާއީލިއްޔާ މަޒްހަބަށް ނިސްބަތްވާ ޢައްބާސީ ޚިލާފަތުގެ މުސްލިމް ބައެކެވެ.

ޞަލީބީން، 1099 މ. ގައި އަރައި މިފައްޅި ޙިމާޔަތް ކުރުމަށް ފަހު، ޞަލީބީން އެކި ދައުރުތަކުގައި މަރާމާތުކޮށް ބަލަހައްޓާފައި ވެއެވެ. 1112 މ. ގައި ވެސް ބަދަލުތަކެއް ގެނައެވެ. އަދި ޓޮންބެއް، 1119 މ. ގައި ބިނާކުރިއެވެ. އަދި 1131 މ. ގައި ވެސް ބަދަލުތަކެއް ގެނައެވެ. އަދި، 1149 ގައި އިތުރަށް ބޮޑުކޮށް، 1170 މ. ގައި ބޮޑު ރަނގަބީލެއް ހަރުކުރެވުނެވެ. ދެން އަޅުގަނޑު ގެނެސްދޭނީ، ޞަލީބީންގެ ޙަމަލާތަކެވެ. ޞަލީބީންގެ އެރުމެވެ.

ޞަލީބީންގެ އެރުން:

ޔޫރަޕްގެ އެތަންމިތަނުން ނުކުމެގެން ފަލަސްޠީންގެ އަހްލުވެރިންނައި ހަނގުރާމަކޮށް ޤުދުސް ހިފުމަށް ޞަލީބީ ހަނގުރާމަވެރިން ތައްޔާރުވެގެން ނުކުތެވެ. މިކަން ހިނގަން ފެށީ، އޭރުގެ ޕޯޕް ފަލަސްޠީނު ހިފުމަށް ޞަލީބީންނަށް ގޮވާލުމުންނެވެ. މި ހަނގުރާމައަށް ތައްޔާރުވެ ނުކުތް އެންމެންނަކީ ފަރަންޖީ ޞަލީބީންނެވެ. މުސްލިމުންނެއް ނޫނެވެ. ޞަލީބީންގެ މިލަޝްކަރު ނުކުތްއިރު ޢަދަދަކީ، 600,000 (ހަލައްކަ) އެވެ.

އޮޑި ފަހަރުގައި ޝާމްކަރައައި ކައިރިކޮށް، ފާޠިމީ ހަނގުރާމަ ވެރިންނާއި ޢައްބާސީންގެ ލަޝްކަރު ބަލިކޮށް ފަލަސްޠީންގެ އައްސޭރި ރަށެއް ކަމުގައިވާ ފާޠިމީންގެ ދަށުގައި އޮތް، ޢަސްޤިލާން، 1099 މ. ގައި ހިފިއެވެ. އެކިސަބަބު ތަކައި ހެދި، މީގެތެރެއިން ޤުދުސްއަށް ފޯރީ، 400,000 (ހަތަރުލައްކަ) ލަޝްކަރީންގެ ލަޝްކަރެކެވެ. މިލަޝްކަރުން ޤުދުސް ވަށާލުމަށް ފަހު އެރަށް ހިފީ، 15 ޖުލައި 1099 މ. ގައެވެ. ލަޝްކަރުގެ ލީޑަރަކަށް ހުންނެވީ، ގޮޑްފްރީ (GODFREY OF BOUILLON) އެވެ.

އެދުވަހުން ފެށިގެން ޤުދުސްގެ ވެރިޔަކައި ޙަވާލުވެލެއްވީ މީނާއެވެ. ފާޠިމީ ހަނގުރާމަ ވެރިންނާއި ޢައްބާސީންގެ ލަޝްކަރު ބަލިކޮށް، ފާޠިމީންގެ ދަށުގައި އޮތް، ޤުދުސް ހިފުމަށް ކުރެވުނު ހަނގުރާމައިގައި، 70 ހާސް މުސްލިމުން ޤަތުލުކޮށްލިއެވެ. މީގެތެރޭގައި ގިނަ ޔަހޫދީން ވެސް ހިމެނުނެވެ. އަދި ފަހުންވެސް ޔަހޫދީން އަންދައި މެރިއެވެ.

ޞަލީބީންނަކީ، ނަޞާރާއިންނެވެ. ކްރިސްޗިއަނުން ނެވެ. އަދި އެހިނދު، މަގުތަކަށް އެޅިފައިހުރި، މުސްލިމުންގެ ލޭގެތެރޭގައި ހިނގަވާފައި ގޮސް ސެޕަލްޗަރ ފައްޅިއަށް ގޮޑްފްރޭއާއި ޞަލީބީންގެ ބޮޑުން ވެންނެވީއެވެ. އަދި އެފައްޅި އަލުން ބިނާކޮށް އާރާސްތު ކުރެއްވިއެވެ.

އަދި އެފައްޅީގެ އެންމެއިސް ޚާދިމުގެ މަޤާމަށާއި ޤުދުސްގެ ރަސްގެފާނުގެ މަޤާމަށް ޚުދު އަމިއްލަފުޅަށް ޙަވާލު ވެލެއްވީއެވެ. ޤުދުސްގެ ފާރަވެރިއަކަށް ހުންނަވައި ގޮޑްފްރޭ އަވަހާރަވީ، 1100 މ. ގައެވެ. ދެން އެއަށް ފަހު، ޤުދުސްގެ ރަސްކަމައި ޙަވާލު ވެލެއްވީ، އޭނާގެ ކޮއްކޮ ކަމުގައިވާ، ބާލްޑްވީން (BALDWIN 1) އެވެ.

ޞަލީބީންގެ ދެވަނަ ޙަމަލާ ޤުދުސްއަށް އެރީ، 1148 މ. ގައެވެ. މިލަޝްކަރުގެ އެންމެމަތީ ވެރީންނަކީ، ފްރާންސް އާއި ޖަރުމަންގެ ދެ ރަސްކަލުންނެވެ. މިލަޝްކަރަކީ، މިދެބޭފުޅުން ކުއްލިޙާލަތަށް ގެނައި ލަޝްކަރެކެވެ. މިދެންނެވި ދެރަސްކަލުންގެ ބެއްލެވުމުގެ ދަށުން، މުސްލިމުންނައި ހަނގުރާމަކޮށް މުސްލިމުން ބަލިކުރުމަށް ޝާމްކަރައަށް ފޮނުއްވި ޞަލީބީ ހަނގުރާމަވެރި ލަޝްކަރެކެވެ.

މިލަޝްކަރުން ފަލަސްޠީންގެ ރަށްތަކަށް އެރުމަށް މަސައްކަތް ފެށީއެވެ. އަދި މިޞްރުގެ ވެރިކަމުގައި އޮތް ފާޠިމީ ދައުލަތައި އެކިގޮތްގޮތުން ވާހަކަތައް ދައްކައި ޝާމްކަރައިގެ ބައެއް ރަށްތަކުގައި ޞުލްޙައިގައި ތިބުމަށް ވެސް ވާހަކަދެކެވުނެވެ.

އެހެނަސް މިކަންކަން މުޅިން ފުރިހަމަނުވެ އުޅެނިކޮށް، ކުރުދީދަރިކޮޅަށް ނިސްބަތްވާ، މުސްލިމުންގެ އެއްބަޠޮލް ކަމުގައިވާ، ޞަލާޙުއްދީން އަލްއައްޔޫބީ އިސްލާމީ އުންމަތުގެ ޢަސްކަރީންނާ އެކު ނިކުންނަވައި، މިޞްރުގައި އޮތް ފާޠިމީންގެ ދައުލަތް ބަލިކުރައްވައި މިޞްރުގެ ވެރިކަން ހޯއްދެވިއެވެ.

އަދި އެއަށް ފަހު، ޝާމްކަރައަށް މިޞްރާބު ޖައްސަވައި ފަލަސްޠީނުގެ ރަށްތައް ޞަލިބީ ނަޞަރާއިންގެ އަތްތަކުން ސަލާމަތް ކުރައްވައި ފަތަޙަކުރެއް ވުމަށް ފަހު، ޤުދުސް ދެހަފްތާ ވަންދެން ވަށާލެއްވީއެވެ.

އަދި އެއަށް ފަހު، އިސްލާމީ ފާތިޙެއްގެ ގޮތުގައި ޤުދުސްއަށް އިސްލާމީ ޢަސްކަރީންނާ އެކު އަރާވަޑައި ގެންނެވީ، 20 އޮކްޓޯބަރ 1187 މ. ގައެވެ. ފަހެ، ޞަލާޙުއްދީންގެ ފުރިހަމަ ނަންފުޅަކީ، ޞަލާޙުއްދީން ޔޫސުފް ބިން އައްޔޫބް (SALAH ad-DIN YUSUF IBN AYYUB) އެވެ. އައްޔޫބީ ދައުލަތް (AYYUBID DYNASTY) ގެ ވެރިރަށަކީ މިޞްރެވެ. މިދައުތަލަކީ މިޞްރާއި ޝާމްކަރާގައި ވެރިކަންކުރި މުސްލިމުންގެ ވަރުގަދަ ދަރިކޮޅެކެވެ. ވެރިކަންކުރީ، 1171 އިން ފެށިގެން 1260 މ. އައި ހަމައަށެވެ. މިމުއްދަތުގައި، 8 (އަށެއް) ރަސްކަލުން ރަސްކަން ކުރެއްވިއެވެ.

ފަހެ، ދެއަހަރުތެރޭގައި  ތުރުކީގެ އަންޠާކިޔާ (ANTAKYA) އާއި ލެބަނާންގެ ޠްރާބްލަސް (TRIPOLI) ފިޔަވައި އެހެންހުރިހާރަށް ތަކެއް ފަތަޙަކުރައްވައި ޞަލީބީންގެބާރު ޝާމްކަރައިންނާއި މިޞްރުން ކަނޑުއްވާ ލެއްވީއެވެ. ޢުމަރުގެފާނުގެ ޚިލާފަތުގެ ދުވަސްވަރަށް ފަހު، އަނެއްކާވެސް މުސްލިމުންގެ ބާރުދަށަށް ލިވާންޓް ސަރަޙައްދު އެކުގައިހެން ގެނެވުނީއެވެ.

އެހެނަސް މީގެފަހުން ވެސް އެކިއަހަރުތަކުގައި އެކިގޮތްގޮތަށް އެކިދުވަސް ވަރުގައި ޞަލީބީންގެ އުނދަގޫތައް ފަލަސްޠީނަށް ދިޔައީ މެދުކެނޑުމެއްނެތި އަންނަމުންނެވެ. ޞަލީބީންގެ އަމާޒަކީ، ޤުދުސް ހިފުމެވެ. ނަޞާރާއިންގެ ދީނީ މަރްކަޒަކަށް ހެދުމެވެ.

ޞަލީބީންގެ ތިންވަނަ ޙަމަލާ ޤުދުސްއަށް އެރުމުގެ މަޤްޞަދުގައި ދެވުނީ، 1189 މ. ގައެވެ. ޔޫރަޕުން އޮޑިފަހަރުގައި އައިސް ޝާމްކަރައިގެ އައްސޭރިއަށް ޙަމަލާދިނީއެވެ. އިސްކޮށް ލީޑަރަކަށް ހުންނެވީ، ރިޗަރޑް އެކެއް “ސިންގާހިތް” (RICHARD 1, THE LIONHEART) އެވެ. ފަލަސްޠީނުގެ އައްސޭރިފަށުގެ ޢަސްޤިލާން (ASHKELON) އާއި އަރްސޫފް (ARSUF) އަށް، 1191 މ. ގައި އެރިއެވެ.

އަރްސޫފް އަށް، އެރުމަށް ގަދައަށް ހަނގުރާމަ ކުރެވުނެވެ. މިހަނގުރާމަ ނިމިގެންދިޔައީ ޤުދުސްއައި ހަމައަށް ނުދެވި، އައްޔޫބީންނަށް ކާމިޔާބާއެކު ޤުދުސްއަކީ އިސްލާމީ ބިމެއްގެ ގޮތުގައި ދެމިއޮވެގެންނެވެ. މިޙަމަލާ މަޝްހޫރުވެފައި ވަނީ، ދަކިންގްސް ކުރުސޭޑް (THE KING’S CRUSADE) ގެނަމުންނެވެ.

ފަހެ، މިޙަމަލާއަކީ ޔޫރަޕްގެ ވެރިންގެ ފަރާތުން އައްޔޫބީ ދަރިކޮޅުގެ ވެރިކަން ނައްތާލުމަށް ދެވުނު ވަރުގަދަ ޙަމަލާއެކެވެ. އެހެނަސް މިހަނގުރާމަ ވެގެންދިޔައީ، މުސްލިމުންގެ ގިނަ ލީޑަރުންތައް މުޅި ދުނިޔެއަށް ވިދާލި، އަދި އިންތިހާއަށް މަޝްހޫރުވެގެން ދިޔަ ހަނގުރާމަ އަކަށެވެ. ބޮޑެތި ނަޞްރުތަކެއް އިސްލާމީ އުންމަތަށް ލިބުނު ހަނގުރާމަ އަކަށެވެ. އޭގެ ތެރޭގައި ފާޠިމީންގެ ފަހު ރަސްގެފާނު، ނޫރައްދީން އާއި އައްޔޫބީންގެ ފައުންޑަރ ޞަލާޙުއްދީން ހިމެނެއެވެ. ޞަލިބީންގެ ގިނައޮޑިފަހަރާއި ބޮޑެތި ކިއްލާތައް މުސްލިމުން އަތުލައި ވެރިކުރެވުނެވެ.

ޞަލީބީންގެ ހަތަރުވަނަ ޙަމަލާއެއް، 1202 އިން ފެށިގެން، 1204 މ. އައި ހަމައަށް ދެމިގެންދިޔައެވެ. މިލަޝްކަރަށް ޤުދުސްއައި ހަމައަށް އާދެވޭވަރެއް ނުވިއެވެ. ބައިރޫތް އާއި ސާހިލީބައެއް ރަށްތަކަށް އެރިއެވެ. އެހިނދު ޝާމްކަރައާއި ފަލަސްޠީންއާއި މިޞްރުގެ ރަސްކަން އޮތީ، އައްޔޫބީ ދަރިކޮޅަށެވެ.

މިޞްރުގައި އޮތް، އައްޔޫބީ ދައުލަތަށް ޞަލީބީންގެ 5 (ފަހެއް) ވަނަ ޙަމަލާއެއް، 1215 މ. ގައި ދިނެވެ. އެހެނަސް ޞަލީބީންނަށް އެރުނީ، ބަނދަރުމަތީ ބައެއްރަށްތަކަށެވެ. ޝާމްކަރައިގެ އައްސޭރި ރަށެއް ކަމުގައިވާ ޢައްކާ (ACRE) އަށް އެރުނެވެ. ޤުދުސްއައި ހަމައަށް އާދެވޭގޮތެއް ނުވިއެވެ. އެހިނދު ޝާމްކަރައާއި ފަލަސްޠީނާއި މިޞްރުގެ ވެރިކަމުގައި ތިއްބެވީ، އައްޔޫބީންނެވެ.

ރަސްކަލަކީ އެދަރިކޮޅުގެ، 4 (ހަތަރެއް) ވަނަ ރަސްގެފާނު އަލްމަލިކުލް ޢާދިލް ސައިފުއްދީން އެވެ. އެއީ ޞަލާޙުއްދީންގެ ކޮއްކޮއެވެ. މިދުވަސްވަރު ފަރަންޖީ ޞަލީބީންނާ އެކު، ގާތްގުޅުމެއް އުފެދި ވިޔަފާރީގެ ގުޅުންތައް ޝާމްކަރައިގައި އިތުރުވެގެން ދިޔައެވެ. މުސްލިމް ރަސްރަސްކަލުންގެ އިންސާފުވެރި ހަމަތަކާއި އުސޫލުތަކުން ނެގެންއޮތް ހުރިހާފައިދާއެއް ޞަލީބީން ނަގަމުން ގެންދިޔައެވެ. އެކަމާހެދި ވެރިންނައި އެމީހުންނައި ގާތްގުޅުމެއް އުފެދިގެން ދިޔައެވެ. އައްޔޫބީންނަށް ފަހު މިޞްރާއި ޝާމްކަރައިގެ ރަސްކަމައި ޙަވާލުވީ، މަމާލީކުންނެވެ.

ޞަލީބީންގެ ހަވަނަ ޙަމަލާއެއް، 1229 މ. ގައި ޤުދުސްއަށް ދެވުނެވެ. މިޞްރުގައި ވެރީންނަށް ތިއްބެވި އައްޔޫބީ ދަރިކޮޅުގެ ރަސްކަލުންނައި ވާހަކަދެކެވި، ޝަރުޠުތަކެއްގެ ދަށުން ޤުދުސްއަށް އަރައި، 10 (ދިހައެއް) އަހަރު ދުވަހަށް އެއްބަސްވެގެން ޤުދުސްއަށް ވެރިވީއެވެ. އެހެނަސް، 1240 މ. ގައި އަނބުރައި މިޞްރުގެ ވެރިކަމުގެ ދަށަށް ޤުދުސް ގެނެސް، ޔަހޫދީންނާއި ނަޞާރާއިންގެ ފައްޅިތައް މުގުރާލައި ހަލާކުކޮށް ލިއެވެ.

އޭރު މިޞްރުގައި އޮތީ، އައްޔޫބީންގެ ވެރިކަމުގެ ފަހުއަހަރުތަކަށް ވެފައެވެ. ދެން ވެރިކަން ޙަވާލުވީ، މަމާލީކުން (سلطنة المماليك) {MAMLUKS} ނަށް ވާތީ ޤުދުސް ބެލެހެއްޓުން ދިޔައީ އެމީހުންގެ ދަށަށެވެ. މަމާލީކުންގެ ވެރިކަން، 1250 އިންފެށިގެން، 1517 މ. އަށް ދެމިގެން ދިޔައެވެ. ފާޠިމީންނާއި އައްޔޫބީންނާއި މަމާލީކުންނަކީ، އިސްލާމީ ޚިލާފަތުގައި މިޞްރުގައި ވެރިކަންކުރި ދަރިފަސްކޮޅު ތަކެކެވެ. އެއީ ޢައްބާސީ އާއި ޢުޘްމާނީ ޚިލާފަތު ތެރޭގައެވެ.

ޞަލީބީންގެ ހަތްވަނަ ޙަމަލާއެއް، މިޞްރުގެ އައްސޭރި ރަށެއް ކަމުގައިވާ، އަލްމަންޞޫރާއަށް ދެވުނީ، 1239 މ. ގައެވެ. ކާމިޔާބުކުރީ މިޞްރުގެ ވެރިކަމުގައި ތިއްބެވި އައްޔޫބީންނެވެ. އަދި ޞަލީބީންގެ އަށް ވަނަ ޙަމަލާއެއް، އުތުރު އެފްރިކާގެ ތޫނިސް (TUNISIA) އަށް ދެވުނެވެ. ތޫނިސްގައި އޭރު ވެރިކަން ކުރަމުން ގެންދިތައީ، ޙަފްޞީ ދަރިކޮޅު (HAFSID KINGDOM) ންނެވެ. ތޫނިސްގައި މިރަސްކަން ދެމިއޮތީ، 1229 އިން ފެށިގެން، 1574 މ. އައި ހަމައަށެވެ. ފަހުން ވާހަކަދެކެވި، އެއްބަސްވުމެއްގެ ދަށުން ވިޔަފާރީގެ ގުޅުންތައް ޔޫރަޕްއައި އެކު ކުރާންފެށުނެވެ.

ޞަލީބީންގެ ވެރިއަކަށް ހުންނެވީ ފްރާންސްގެ ރަސްގެފާނު، ލުއިސް ނުވައެއް (SAINT LOUIS 9, 25 April 1214 – 25 Aug 1270) އެވެ. އޮފީހުގައި އިންނެވީ، 1226 މ. އިން ފެށިގެން ނިޔާވުމަށް ދާންދެނެވެ.

މިޞްރުގެ އައްސޭރި ރަށެއްކަމުގައިވާ، ދިމްޔާތް (DAMIETTA) އަށް އެރިއެވެ. އެހެނަސް މިހަނގުރާމާގައި ބަލިވެ، މިޞްރުގައި ބަންދުވިއެވެ. މިނިވަންވީ މިޞްރުގައި އޮތް އައްޔޫބީ ދަރިކޮޅަށް ބަދަލެއްގެ ގޮތުގައި ބޮޑު ފިދިޔައެއް ދީގެންނެވެ.

އަދި ޝާމްކަރައިގެ އައްސޭރިރަށެއް ކަމުގައިވާ، ޢައްކާ އާއި ޢަސްޤިލާން އަށް އެރިއެވެ. މިދެޙަމަލާގައި ވެސް ޞަލީބީންގެ ވެރިއަކަށް ހުންނެވީ، ލުއިސް ނުވައެއް އެވެ. ލުއިސް ނުވައެއްގެ ލަޝްކަރަށް އުތުރު އެފްރިކާގެ އައްސޭރީގައި ބޮޑުބަލިމަޑު ކަމަކައި ދިމާވިއެވެ. މިކަން ވެގެންދިޔައީ ބޮޑު ވަބާއަކަށެވެ.

ޢަސްކަރީންގެ ގިނަބަޔަކު މަރުވެ ދިޔައެވެ. އަދި އޭގެ ތެރޭގައި ލުއިސް ނުވައެއް ވެސް، 25 އޯގަސްޓް 1270 މ. ގައި މަރުވީއެވެ. މިމީހުންނަށް ޝާމްކަރައައި ކައިރިއެއް ނުވެވުނެވެ. އަދި ތޫނިސް ވެސް ފަތަޙައެއް ނުކުރެވެއެވެ. ބަލިވީއެވެ.

ދެން މިލަޝްކަރައި ގުޅުނީ، އިނގިރޭސި ވިލާތުގެ ރަސްކަލެއް ކަމުގައިވާ އެޑްވަރޑް އެކެއް (EDWARD 1) އެވެ. އެޑްވަރޑް އޮފީހުގައި އިންނެވީ، 1272 އިން ފެށިގެން، 1307 މ. އައި ހަމައަށެވެ. އެޑްވަރޑްއަށް ގެނެވުނީ، އެންމެ ހާހަކަށް މީހުންގެ ކުޑަ ލަޝްކަރެކެވެ. މިލަޝްކަރައި ގުޅުނީ ލުއިސް ނުވައެއްގެ ކޮއްކޮ، ޗަރލްސް އެކެއް (CHARLES 1, “CHARLES OF ANJOU) ގެލަޝްކަރާއެވެ. މިދެލަޝްކަރު ގުޅިގެން ހަނގުރާމަފެށީ މަމާލީކުންގެ ކަނޑުގެ ލަޝްކަރާއެވެ.

އާދެވުނީ ޝާމްކަރައިގެ އައްސޭރިރަށެއް ކަމުގައިވާ ޢައްކާއައި ހަމަ އަށެވެ. ޤުދުސް އައި ހަމައަށް ވާޞިލްވެވޭ ވަރެއްނުވިއެވެ. ޞަލީބީން ބަލިވެގެން އެންބުރި ދިޔައީ ބައެއްރަށް ތަކާ އެކު ޞުލްހަވެގެންނެވެ. ވިޔަފާރީގެ އެއްބަސްވުން ތަކަކަށް ވެސް ވާހަކަ ދެކެވިގެންނެވެ.

އާދެ! މަމާލީކުންގެ، 8 (އަށެއް) ވަނަ ރަސްކަލެއް ކަމުގައިވާ، އަލްމަލިކުލް އަޝްރަފް ޞަލާޙުއްދިން ޚަލީލް ބިން ޤަލާވޫން (ALMALIK AL-ASHRAF SALAH al-DIN KHALIL IBN GALAWUN) ފަލަސްޠީންގެ ޢައްކާ، 1291 މ. ގައި ފަތަޙަކުރެއްވި ފަހުން ޞަލީބީންގެ ޙަމަލާތައް އެކުގައިހެން އެއައްސޭރިފަށަށް ހުއްޓިގެން ދިޔައީ އެވެ.

ދެން އެއަށް ފަހު، އަންނަމުން ދިޔައީ، އެކިކަހަލަ ކުދިކުދި ކޯޅުންތަކެވެ. ޞަލީބީންގެ ވަކިވަކި އޮޑިފަހަރުގެ ޙަމަލާތައް ޝާމްކަރައާއި މިޞްރުގެ އައްސޭރިރަށް ތަކަށް އެކި ސިފަސިފައިގައި އަރަމުންދިޔައެވެ. އެހެނަސް ޞަލީބީ ހަނގުރާމަ މުޅިން ހުއްޓުނީއެވެ. ޞަލާޙުއްދީގެ ފަތަޙައަށް ފަހު، 1914މ. އައި ހަމައަށް، ފުރަތަމަ ބޮޑު ހަނގުރާމައިގައި ޒައޮނިސްޓް ދައުލަތެއްގެ ބިންގާ އެޅެންދެން، ފަލަސްޠީން އޮތީ އިސްލާމީ އުންމަތުގެ ދަށުގައެވެ.

ފަހެ، ޞަލީބީ ހަނގުރާމަތަކަށް ފަހު، މިހާހިސާބުން ޔޫރަޕްގެ ވިސްނުން މުސްލިމުނައި ދޭތަރޭގައި މުޅިން އެހެންގޮތަކަށް ބަދަލު ކުރަން ފަރަންޖީންނަށް މަޖްބޫރުވީއެވެ. ފާޅުގައި ކުރިމަތިލައި ހަނގުރާމަކޮށްގެން މުސްލިމުން ބަލިނުކުރެވޭނެކަން ޔަޤީން ކުރެވިއްޖެ އެވެ. ޤުރްއާނާއި އިސްލާމްދީނަށް ޢަމަލުކުރާހާ ހިނދަކު މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް ނުލެވޭނެކަން ދަނެގެންފިއެވެ.

ދެން ޞަލީބީން ފެއްޓީ މުސްލިމުންނައި ފިކްރީހަނގުރާމަ އެއް ކުރާށެވެ. ޤުރުއާން ލެޓިން ބަހުން ތަރްޖަމާކޮށް މުސްލިމުން އަތުންއަތުލި ބޮޑެތިފޮތްތައް ކިޔައި ދިރާސާކޮށް، ޢަރަބިބަސް ރަނގަޅަށް ދަސްކޮށް މުސްލިމުންނައި ހަނގުރާމަ ފެއްޓީ މުސްލިމުންގެ ތެރެއިން މުސްލިމުން ލައްވައެވެ.

އިސްލާމްދީމް ދަސްކޮށްގެން އިސްލާމްދީން އޮޅުވާލާށެވެ. މުސްލިމުން ލާދީނީކޮށް ސެކިއުލަރ (LAYMAN / SECULER) ކުރާށެވެ. މުސްލިމުންގެ ތެރޭގައު ޢަލްމާނީން ނުވަތަ ލާދީނީ ޢިލްމުވެރިން އުފެއްދީއެވެ. މުސްލިމް ދައުލަތްތަކުގެ ތަޢުލީމީ މަންހަޖު ތެރެއަށް ލާދީނީ ފިކުރު ވެއްދީއެވެ.

ދީނުގައި އޮތް ސާފުޢަޤީދާ ލާދީނީކޮށް ލާނެގޮތްތަކެއް ހޯދުމުގެ މަސައްކަތް ޢިލްމީ ސިފައެއްގައި ޔޫރަޕްގައި ފަށައިގަތީއެވެ. އެކަމަށް ޚާއްސަކޮށްގެން ސްކޫލްތަކާއި ޔުނިވަރސިޓީ ތަކުގައި ޚާއްޞަ މުޤައްރަރުތަކެއް ޤައިމުކުރީއެވެ. މުސްލިމް ދަރީންނަށް ހިލޭކިޔެވޭނެ ގޮތްތަކުގެ ދޮރާށިތައް މުސްލިމް ޤައުމުތަކަށް ހުޅުވާލީއެވެ.

ދެން ފަހެ، ޞަލީބީންގެ ރޭވުންތަކައި އެއްގޮތްވާގޮތުގެ މަތީން ޔޫރަޕްގެ ޤައުމުތަކުން އަޅަމުން ގެންދިޔަ ފިޔަވަޅުތަކުން، އެމީހުންގެ ރޭވުންތައް ކާމިޔާބުކުރީ، ފުރަތަމަ ބޮޑު ހަނގުރާމައިގައި ޢުޘްމާނީ ޚިލާފަތުގެ ދަށުގައިހުރި އިސްލާމުންގެ ވެރިރަށްތައް ހިފައި ކުދިކުދި ދައުލަތްތަކަށް ބަހާލުމަށް ފަހު ގައެވެ. މިވާހަކަތައް ވަރަށް ތަފްޞީލްކޮށް މިމަޒްމޫނުގެ މައިގަނޑުބައިގައި ވާނީ ގެނެސްދީފައެވެ. އިސްލާމީ އުންމަތް ބައިބައިކޮށްލި ގޮތްތައް ވަރަށް ތަފްޞީލްކޮށް ލިޔެފައި ވާނެއެވެ. އެކިއެކި މުސްލިމް އަރަބި ގައުމުތައް ވަކިވަކީންނެވެ.

ފިކުރީ ހަނގުރާމަ:

ފިކުރީ ހަނގުރާމަ އަކީ، ކަނޑިއާއި ބަޑިއައި ނުލާ، މީސްތަކުންގެ ވިސްނުމާއި ފިކުރައި ކުޅެލުމުގެ ބޭނުމުގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން، ކާމިޔާބުތަކެއް ހޯދުމުގެ މަޤްޞަދުގައި ކުރާ އޮޅުވާލުމުގެ ހަނގުރާމަ އެވެ. ފަހެ، ފިކުރީ ހަނގުރާމަ ޚާއްޞަ ކުރެވިފައިވަނީ، މުޙައްމަދުގެފާނު ދުވަސްވަރުގައި އިސްލާމީ އުންމަތުގެ ބާރު މުޅި ދުނިޔެއަށް ފެތުރި ދުނިޔޭގެ ވަރުގަދަ ބާރެއްގެ ގޮތުގައި ފައުޅުވެ ފެނިގެން ދިއުމުން، އޭރު ދުނިޔޭގެ ބާރެއްގެ ގޮތުގައި އޮތް، ޔޫރަޕް ކޮންޓްރޯލް ކުރާ ބާރު ކަމުގައިވާ،

ނަޞާރާއިންނައި ޔަހޫދީން އެކުވެ، ޞަލީބީންގެ ނަމުގައި އެކަތި ގަނޑަކަށްވެ، އިސްލާމީ އުންމަތައި ދެކޮޅަށް ނުކުމެ ކުރި ހަނގުރާމަ ތަކުން ކުރި އެރުމެއް ލިބޭގޮތް ނުވެ ބަލިވުމުން، މުސްލިމުންގެ ސިކުނޑިތައް ފިކުރީގޮތުން އަނބުރާލުމުގެ ބޭނުމުގައި ފެށި ހަނގުރާމައެވެ. މަޤްޞަދަކީ މުސްލިމުންގެ ޢަޤީދާ ބަލިކަށިކޮށް ލުމެވެ. ތައުޙީދުގެ މަތިވެރި ޢަޤީދާގެ މައްޗަށް ދުނިޔެވީ ފިކުރެއް ވެރި ކުރުވުމެވެ. މުސްލިމުންގެ ހިތްތަކާއި ސިކުނޑި، ޤުރުއާނާއި ސުންނަތައި ދުރުކުރުމެވެ.

ފަހެ، ދަންނާށެވެ! ﷲ، މުޙައްމަދުގެފާނަށް ޞަރީޙަ ގޮތުގައި ވަރަށް ފާޅުކަން ބޮޑުކޮށް އަމުރު ކުރައްވާފައި ވަނީ، ތައުޙީދާއި އެއްކައުވަންތަ ކަމަށް ގޮވާލުމުގައި، ﷲގެ ސީދާމަގުގައި ދެމި ހުންނެވުމަށެވެ. އަދި އެހެން އެއްވެސް ޙަޤީޤަތް އޮޅި، މަގުފުރެދިފައިވާ ނުފޫޒަކަށް ނުވަތަ ފަލްސަފާއަކަށް ލެނބި ވަޑައި ނުގެންނެވުމަށް އަމުރު ކުރައްވައި އެންގެވިއެވެ. މިކަމުގެ ގަދަފަދަ ހެއްކަކަށްވެ މުޅި ދުނިޔެއަށް ފައުޅުވެގެން ދިޔައީ، އެކަލޭގެފާނު ހުންނެވީ، ﷲގެ ފޮތަށް ކިޔަމަންވެ ވަޑައިގެން، މުޅި އިންސާނިއްޔަތަށް އެފޮތުގައިވާ ހަމަހަމަކަން އިންޞާފުކޮށް ދެއްވުމުގެ މަތީގައި ކަމެވެ.

ފޮތުގެ އަހްލުވެރީން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން ވަނީ، މުޙައްމަދުގެފާނު ގެނެސް ދެއްވީ ތެދު ގޮތްކަން އެނގިތިބެ ދޮގުކޮށްފައެވެ. އަދި އެބައި މީހުންނަށް، ﷲ ބާވާލެއްވި ފޮތްތައް ތަޙްރީފުކޮށް އޮޅުވާލައި އޭގެ އަޞްލުގޮތްތައް އަމިއްލަ އެދުމުގެ ގޮތްތަކަށް ބަދަލުކޮށް ފައެވެ. މިނުބައި ޢަމަލުތަކުގެ ސަބަބުން، ޙައްޤާއި ބާޠިލްއައި އަދި މަގުފުރެދުމާއި ހިދާޔަތައި ދެމެދު ދެކޮޅުވެރިކަން އުފެދިފަ އެވެ. އެކަން ހަނގުރާމަ އަކަށް ބަދަލުވެ ދިގުދެމިގެންވާ، ނިމުމެއް ނެތްގޮތަށް ހިނގަމުންދާނެ ހަނގުރާމަ އަކަށް ބަދަލުވެފައެވެ.

މުޙައްމަދުގެފާނު ތައުޙީދަށް ގޮވާލެއްވި ހިނދުން ފެށިގެން މިއަދައި ހަމައަށް ވެސް، ޙަޤީޤަތް ބަދަލުކޮށްގެން އުޅޭ ކްރިސްޗިއަނުން ނާއި ޒައޮނިސްޓު ޔަހޫދީންނައި މުސްލިމުންނައި ދެމެދު ދެކޮޅުވެރިކަން ވަނީ ފެށިފައެވެ. ފަހެ، އެމީހުންނަކީ، ޞަލީބަށް ނިސްބަތް ވެގަނެގެން އިސްލާމީ އުންމަތައި ދެކޮޅަށް ހަނގުރާމައަށް ނުކުތް މީހުންނެވެ. ޞަލީބީ ހަނގުރާމަތައް ރާވައިގެން ހިންގި ފަރަންޖީންނެވެ. އިސްލާމުން ޤައިމުވެ ތިބީ، ތައުޙިދާއި އިސްލަމީ ޝަރީޢަތަށެވެ. ޞަލީބީން ޤައިމުވެ ތިބީ، އެމީހުން އުފެއްދި އަމިއްލަގޮތް ކަމުގައިވާ، ބާޠިލްގޮތުގެ މަތީގައެވެ.

ހަމަ ކަށަވަރުން ކާފިރުވީ މީހުން ބުނެހަދަ އެވެ!

“ހަމަކަށަވަރެވެ! ﷲއީ ތިނެތިން އެކުލެވިގެންވާ ކަލާނގެ އެކެވެ.”

ފަހެ، ﷲ އައި އެހެން ފަރާތްތައް އެއްވަރުކޮށް، ޝަރީކު ކުރީއެވެ. މިކަމައި ހެދި، ޙައްޤާއި ބާޠިލައި އަދި ތައުޙީދާއި ޝިރުކައި ދެމެދު ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ދެކޮޅުވެރިކަން އިތުރު ވަމުންނެވެ. މިދެކޮޅު ވެރިކަން އިތުރުވަމުން ދެމެމުން އައިސް ޙައްޤާއި ބާޠިލައި ދެމެދު، އެމީހުންގެ ނަޒަރުގައި މުޤައްދަސް ހަނގުރާމަ ތަކެއް މުސްލިމުންނައި ދެކޮޅަށް ކުރީއެވެ.

އަދިވެސް މިއަދައި ހަމައަށް ވެސް، ފިކުރީގޮތުން އެހަނގުރާމަ ކުރެވެމުން ދަނީއެވެ. ޞަލީބީންކުރި ގިނަ ހަނގުރާމަތައް ކާމިޔާބުކޮށްފައި ވަނީ، މުސްލިމުންނެވެ. އިސްލާމީ އުންމަތުންނެވެ. އިސްލާމުންނައި މިހަނގުރާމަތައް ކުރީ، ފައްޅިތަކުގެ އަހްލުވެރީން ނެވެ. ޕޯޕުން އިސްވެ ތިބެގެންނެވެ. ޔޫރަޕްގެ ފައްޅިތަކުން ނުކުތް ޙަމަލާތަކަށް ނަން ދެވިފައި ވަނީ، ޞަލީބަށް ނިސްބަތްކޮށެވެ. ޞަލީބު ދިދައަކަށް ހަދައި އޭގެ ޙިމާޔަތުގެ ދަށުންނެވެ. ﷲގެ ދުޝްމަނުން، މަސްޖިދުލް އަޤްޞާގެ ތެރެއިން ޞަލީބެއްނެރެ އެއީއައްސު ކަމުގައި ވާހަކައެއް އީޖާދުކޮށް އުފެއްދީއެވެ. މިޖަމާޢަތަކީ، ކްރިސްޗިއަނުންނަށް ވިޔަސް ޔަހޫދީންނަށް ވިޔަސް ޞަލީބީންނެވެ. ފަރަންޖީންނެވެ.

ޙާޟިރުލް ޢާލަމުލް އިސްލާމީ “حاضرالعالم الإسلامى” މިނަން ކިޔާ ފޮތުގެ މުޞައްނިފު ލިޔުއްވާ ގޮތުގައި، އެންމެފުރަތަމަ ޞަލީބީ ހަނގުރާމައަށް ނުކުތުމަށް ގޮވާލީ، 1002 މ. ވަނަ އަހަރު، ބާބާ ސަލްފަސްތަރ ދެއެއް (POPE SYLVESTER 2) އެވެ. މީނާ ބާބާ (ޕޯޕް) އަކަށް ހުންނެވީ، 2 އޭޕްރީލް 999 މ. އިން ފެށިގެން، 1003 މ. ގައި އަވަހާރަ ވުމަށް ދާންދެނެވެ. މީނާއަކީ ފްރެންޗް ފުރަތަމަ ޕޯޕެވެ. މީނާ ގޮވާލެއްވި ގޮވާލެއްވުމަށް އަމަލީ ސިފައެއް ނާދެއެވެ.

އެއަށް ފަހު، ދެން ޞަލީބީ ހަނގުރާމައަކަށް ގޮވާލެއްވީ، 1075 މ. ގައި ބާބާ ޣުރޭޣޮރީ ހަތެއް (GREGORY 7, 1015 – 1085) އެވެ. އެހެނަސް ޞަލީބީންނަށް ތައްޔާރުވެ ހަނގުރާމައަށް ނުކުމެވުނީ ގާތްގަނޑަކަށް އޭގެ ވިއްސަކަށް އަހަރު ފަހުން، 1099 މ. ގައި ބާބާ އުރްބާނޫސް ދޭއް (POPE URBAN 2, 1042 – 29 June July 1099) ގެ ޒައާމަތުގެ ދަށުންނެވެ. މީނާ މިހަނގުރާމައަށް ތައްޔާރުވާން ފެށީ، 1095 މ. ގައެވެ.

މިގޮތުގެ މަތީން ޞަލީބީންނާއި މުސްލިމުންނައި ދެމެދު ހޫނު ހަނގުރާމަތައް ބަދަލު ކުރެވުނެވެ. ޞަލީބީން ކުރި ހަނގުރާމަ ތަކުގައި ނަޞްރާއި ފަތަޙަ ލިބުނީ އިސްލާމީ އުންމަތަށެވެ. ޞަލީބީން ރޭވި، 7 (ހަތެއް) ވަނަ ޙަމަލާއާއި، 8 (އަށެއް) ވަނަ ހަމަލާގައި ލީޑަރެއްގެ ގޮތުގައި ނުކުންނެވީ، ފަރަންސޭސިންގެ ރަސްކަލެއް ކަމުގައިވާ ލުއިސް ނުވައެއް އެވެ.

ޞަލީބީ ހަތްވަނަ ޙަމަލާ، މިޞްރުގެ އައްސޭރިފަށުގެ ރަށްތަކަށް ދެވުނުއިރު، މިޞްރުގެ ވެރިކަމުގައި ތިއްބެވި އައްޔޫބީ ދައުލަތުގެ ޢަސްކަރީން ނުކުމެ، އެމީހުން ބަލިކޮއްލީ އެއްވެސް ކުރިއެރުމެއް ނުދީ، ގިނަބަޔަކު ހައްޔަރު ކުރުމާ އެކުގައެވެ. ހައްޔަރުވީ މީހުންގެ ތެރޭގައި ޞަލީބީންގެ ލީޑަރު ލުއިސް ނުވައެއް ވެސް، މިޞްރުގެ ޢަސްކަރީ ލަޝްކަރުގެ އަތްދަށުވިއެވެ. މިހާރު އަލްމަންޞޫރާ އޭ ކިޔުނު މިޞްރުގެ އައްސޭރި ރަށުގައި ހަނގުރާމަތީ ޤައިދީއެއްގެ ގޮތުގައި ލުއިސް ޖަލަށް ލެވުނެވެ.

ބޮޑުވެގެންވާ ފިދިޔައެއް އައްޔޫބީ ދައުލަތަށް ދެއްކުމަށް ފަހު، ޖަލުން އޭނާއަށް ސަލާމަތް ވެވިގެން ފަރަންސޭސި ވިލާތަށް ދެވުމުން ޤައުމުގެ ވެރިންނަށް އެނާގެ ތަޖްރިބާތަކުގެ އަލީގައި ކުރިމަގު ބިނާކުރުމުގެ ތަޞައްވުރެއް ބަޔާންކޮށް ދެއްވައި ވިދާޅުވިއެވެ.

“މިޒަމާނުގެ ކުރިއަރާފައިވާ ހަތިޔާރައިގެން ކުރާ ހަނގުރާމަ އަކުން މުސްލިމުންގެ މައްޗަށް ގަދަވެގަނެ އެމީހުން ބަލިކޮށް ލެވޭކަށް އެއްގޮތަކަށް ވެސް ނެތެވެ. އެމީހުން އެމީހުންގެ ދީނުގެ ސާފު ޢަޤީދާގެ މަތީގައި ތިބިހައި ހިނދަކު، އެމީހުންގެ ހަށިގަނޑުގައިވާ ޖިހާދުކުރުމުގެ ރޫޙު ކުޑައެއް ނުވާނެއެވެ. އެމީހުންގެ ދީން ޙިމާޔަތް ކުރުމަށް ޓަކައި ޖާނުން ޤުރުބާންވާ ޤުރުބާންވުން ތަކެއް ހުއްޓުވައެއް ނުލެވޭނެއެވެ. މުސްލިމުންގެ ޢަޤީދާ މިގޮތުގެ މަތީގައި ދެމި އޮތްހައި ހިނދަކު، އެމީހުންނަށް ހެދޭނެ އެއްވެސް ގޮތެއް ނެތެވެ. ބަލިކުރެވޭކަށް ނެތެވެ.

އެމީހުންގެ ވަރުގަދަ ޢަޤީދާއިން ދުރުކުރުމަށް ޓަކައި ވިސްނުންތެރި ކަމާ އެކު ރާވަންޖެހޭނީ މުޅިން އެހެން ވައްތަރެއްގެ އައު ގޮތްތަކެވެ. އެގޮތަކީ، ތައުޙީދުގެ މައްޗަށް ބިނާވެފައި އޮންނަ އެމީހުންގެ ވަރުގަދަ ޢަޤީދާ އާއި ފިކުރު އެހެން ދިމާއަކަށް ފިރުކާލާއި ބަދަލުކޮށް ލުމަށް ޓަކައި އެމީހުންނައި ކުރަން ޖެހޭނީ، ފިކުރީގޮތުން ކުރެވޭ ހަނގުރާމަ އެކެވެ. ކުރިއަރާފައިވާ ހަތިޔާރާއި ބަޑިތައް ދޫކޮށްލައި އެމީހުންގެ ފިކުރުތަކައި ކުޅެލެވޭނެ މުޅިން އައު ވަސީލަތްތަކެއް ހަތިޔާރުގެ ބަދަލުގައި ހޯދައި އީޖާދު ކުރަންވީ އެވެ.”

ރަސްގެފާނުގެ މިގޮވާލެއްވުމައި ގުޅޭ ގޮތުން ޔޫރަޕްގެ ޢިލްމުވެރިން، އިސްލާމީ ޙަޟާރަތު އުގެނި އޭގެތެރެއިން އިސްލާމުންގެ ޢަޤީދާއާއި ފިކުރައި ކުޅެލެވެން ހުރި ހުރިހައި ވަސީލަތްތަކެއް ދިރާސާކޮށް، ތަޙްލީލުކޮށް މުޅިން އައު ބާވަތެއްގެ ފަލްސަފާތަކެއް އީޖާދުކޮށް ހޯދިއެވެ. އަދި ޢަމަލީގޮތުން މުސްލިމު ޒުވާން ދަރީއްނަށް އަމަޒުކޮށް ތަޢުލީމީދާއިރާ ތެރެއިން ތަރުބިއްޔަތު ދޭން ފެށީއެވެ.

އަދި އިސާހިތަކު މިރޭވުންތަކުގެ ދަށުން، ހަނގުރާމައިގެ އަސްލު މައިދާނަކީ، މުސްލިމުންގެ ސިކުނޑިތައް ކަމުގައި ބަދަލުކޮށް ލައިފިއެވެ. ހަނގުރާމައިގެ ވަސީލަތްތަކަކީ، ކުރިއަރާފައިވާ ހަތިޔާރުގެ ބަދަލުގައި، މުސްލިމުންގެ ޢަޤީދާއާއި ފިކުރަށް އަމާޒުކޮށް ކުރެވޭ ހަނގުރާމައަކަށް ކަނޑިބަޑިން ކުރަމުންއައި ޒަމާންވީ ހަނގުރާމަ ބަދަލު ކޮށްލީއެވެ. ﷲގެ މަގުގައި ޝަހީދުވެ ޤުރުބާން ވުމުގެ މަތިވެރި ރޫޙުގެ މައްޗަށް މުސްލިމުންގެ ހިތަތަކުގައި ކަނޑާނެގިފައި ހުރި ވަރުގަދަ ޢަޤީދާތަކާއި ފުކުރައި ރީތިކޮށް ކުޅެން ފަށައިފިއެވެ. އެކިއެކި ވަސްވާސްތައް އެކިގޮތްގޮތުން މުސްލިމް މުޖްތަމަޢު ތަކަށް  އަންނަން ފެށި ހިސާބުން، މި ހަނގުރާމައަށް ދެވުނު ނަމަކީ، ފިކުރީ ހަނގުރާމަ އެވެ.

ލުއިސް ރަސްގެފާނުގެ ވަޞިއްޔަތް ތަންފީޒު ކުރުމުގައި ޔޫރަޕް މީހުން އަވަދިނެތި މަސައްކަތް ކުރިޔަށް ގެންދާންފަށައިފިއެވެ. އޭގެ ތެރެއިން ހިމެނޭ ވަރަށް މުހިންމުކަން ކަމަކީ މިއެވެ. އެއްކަމަކީ، އިސްތިޝްރާޤާއި ތަބްޝީރުގެ މަރްޙަލާއެވެ. ދެވަނަ ކަމަކީ، ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ވައްޓާލައި އިސްލާމީ އުންމަތް ކުދިކުދި ކޮށްލުމެވެ. މިބައި ވާނީ މިމަޒްމޫނުގައި ތަފުސީލުކޮށް ގެނެސްދީފައެވެ. އެހެނަސް ފިކުރީ ހަނގުރާމައިގެ އެއްވަނަ ބަޔަށް ކުޑަކޮށް މިތާގައި އަލި އަޅުވާލާނަމެވެ.

އިސްތިޝްރާޤް އާއި ތަބްޝީރް ގެ މަރްޙަލާ:

މުސްތަޝްރިޤުން (مستشرق) ގެ މަސައްކަތަކީ، އިސްތިޝްރާޤް (إستشراق) [ORIENTALISM] ކުރުމެވެ. މުބައްޝިރުން (مبشر) ގެ މަސައްކަތަކީ، ތަބްޝީރު (تبشير) ކުރުމެވެ. މުސްތަޝްރިޤުން ނަކީ، އޮރިއެންޓްލިސްޓުން (ORIENTALIST) ނެވެ. އެމީހުންނަކީ، އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތް ރަނގަޅަށް ދަސްކޮށްގެން ތިބެ، މެދު އިރުމަތީ (مشرق) ގެ ޢަޤިދާއަށް ލެނބޭ މީހުންނެވެ.

މުބައްޝިރުން ނަކީ، ކްރިސްޗިއަން މިޝަނަރީން (MISSIONARY) ނެވެ. އެމީހުންނަކީ، އެމީހުންގެ ދީން އެހެން މީހުންނަށް އުގަންނައި ދިނުމަށް މީހުންގެ ތެރެއަށް ފޮނުވޭ ޢިލްމުވެރީންނެވެ. ދީން ފަތުރާ މީހުންނެވެ.

މި މީހުންގެ އެންމެ އިސް މަސައްކަތަކީ، އިޤްތިޞާދީ ތަރައްޤީއާއި ޞިއްޙީ އަޅާލުމާއި އިޖްތިމާޢީ ޢަދާލަތާއި ތަޢްލީމާއި ތަރްބިއްޔަތާއި ލިޔެކިއުމުގެ ޚިދުމަތުގައި ފައުޅުގައި ނުކުމެ އެހީވެދޭ ޖަމާޢަތެއްގެ މީހެއްގެ ގޮތުގައި ދެމިހުރުމެވެ. ފޮރުވިތިބެ ހިންގަމުންދާނީ، ދީނީ ދަޢުވަތުދިނުމާއި ތަބްލީޣު ކުރުމެވެ. އެބައެއްގެ ބަސް ދަސްކުރުމާއި އެމީހުންގެ ދީނީފޮތްތައް އެކިބަސްތަކަށް ގެނައުމެވެ. މިގޮތުން މެދު އިރުމަތީ އަދި އޭޝިޔާ އާއި އުތުރު އެފްރިކާގެ މުސްލިމް މީސްތަކުންގެ ވިސްނުމާއި ފިކުރުގެ ތެރެއަށް ހުޅަގުގެ ފަލްސަފާތައް އަށަގަންނުވައި ވައްދައި ދިނުމެވެ. މުސްލިމް ކިޔަވާ ކުދިންނަށް އެއްވެސް ކަހަލަ އިޙްސާސް ކުރުވުމެއް ނެތި، މިމީހުން މިކަންކޮށްލާލެއް ނުލާހިކު ހުޝިޔާރެވެ.

ފަހެ، މުބައްޝިރުންނާއި މުސްތަޝްރިޤުންގެ މަސައްކަތަކީ އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތުގައި ޝައްކުތައް އުފައްދައި އިސްލާމުން އޮޅުވާލުމެއްގެ ތެރޭގައި ބައިތިއްބައިގެން އެބައި މީހުންގެ ދީނާއި ވީހާވެސް ދުރުގައި ބޭތިއްބުމެވެ. އިސްލާމީ އަސްލުތައް މީސްތަކުންނަށް އޮޅުވާލުމެވެ.

މިދެންނެވުނު ގޮތުން އިސްލާމުންނަށް އެމީހުންގެ ސާފުޢަޤީދާ ފިކުރީގޮތުން އޮޅުވާލުމަށް ކުރެވެމުންދާ މަސައްކަތަކީ، ޞަލީބީ ހަނގުރާމަތައް ހުއްޓާލުމަށް ފަހު، އެހަނގުރާމަ ތަކުން ލިބުނު ތަޖްރިބާތަކުން، ވުޖޫދަށް ގެނައި ފިކުރެއްގެ ދަށުން ސިއްރިއްޔާތުގައި ހިންގަމުންދާ އަދި ކުރަމުން ގެންދާ ފިކުރީ ހަނގުރާމަ ކުރުމެވެ.

ގޯތި ގެދޮރުގެ ސިޓިންރޫމް ތަކާއި ނިދާއި އަރާމުކޮށްލުމަށް ބޭނުންކުރާ މައިއެނދުކޮޓަރި ތެރޭގައި މިހާރު ގެންދަނީ އެހަނގުރާމައިގެ އެންމެ ކުރިއަރާފައިވާ ވަސީލަތްތައް ވައްދައި ބޭނުން ކުރުވާން ފަށައިފަފައެވެ. މުށުތެރޭގައި އޮންނަ ފޯޖީމޮބައިލް ފޯނުން ވެސް ފިކުރީ ހަނގުރާމަ ބަރާބަރަށް ކުރިޔަށް ގެންދެވޭ ގޮތަށް ހުރިހާކަމެއް ވަނީ ހަމަޖައްސާއި ރާވާފައެވެ.

މިހާރު މުސްލިމް މުޖްތަމަޢު ތަކުގައި އޮޓަމެޓިކުކޮން އެހަނގުރާމަ ބަރާބަރަށް ގަދަކޮށް ކުރިޔަށް ދެއެވެ. މީސްތަކުންނަށް ނޭގި ތިބެ، އެބައިމީހުންގެ މަޅީގައި ޖެހި، އެޙަމަލާތަކުގެ ޝިކާރައަކަށް ވަމުންދަނީ އެވެ. އަމިއްލަ ސާފު ޢަޤިދާ އަމިއްލަ އަތުން މުޑުދާރުކޮށް ލެވެނީއެވެ. ޝައިޠާނާގެ ވަސްވާސްތަކުގެ ތެރެއަށް ގެނބި ގެއްލިދަނީ އެވެ.

ފިކުރީ ހަނގުރާމައިގެ މޭސްތިރިން ކަމުގައިވާ، މުސްތަޝްރިޤުން އިސްލާމް ދީނައި މެދު ޝައްކާއި ވަހުމް އުފެއްދުމުގެ ގޮތުން، އެބައިމީހުންގެ ދަލީލުތަކާއި ހެކިތައް ދައްކަމުން ނެރެފައިވާ އެއް ވާހަކައަކީ، ޤުރްއާން އަކީ މުޙައްމަދުގެފާނު އަމިއްލަފުޅަށް އެކުލަވާލެއްވި ފޮތެއްކަމަށެވެ. އެކަލޭގެފާނުގެ އަޞްޙާބުން ކަމުގައިވާ ޞަޙާބީންގެ އީމާންތެރި ކަމާއި ސީދާސާދާ ކަމުން އެފޮތަކީ، ﷲގެ ހަޞްރަތުން ބާވާލެއްވިފައިވާ ފޮތެއްކަން މީހުން ޤަބޫލުކުރީއެވެ.

އަދި އެހެންމެ އެމީހުންގެ އޮޅުވާލުމުގެ ތެރޭގައި އިލާހީ މަޞްދަރު ކަމުގައިވާ، ޤުރްއާނާއި ސުންނަތުގެ ނައްޞުން ނެގިފައިހުރި، ޝަރުޢީ ޙުކުމްތަކާއި އިޖްތިހާދުން ނަގާފައިހުރި، ޙުކުމްތަކަކީ އެއްގޮތަށް ވާރިދުވެފައި ހުރި އެކެއްޗެއް ކަމަށް ބުނެދެއެވެ. އަދި އިސްލާމީ ޝަރީޢަތުގެ ހުރިހައި ޙުކުމްތަކަކީ ވެސް އެގޮތުގެމަތީން، އިންސާނުން އިޖްތިހާދުކޮށް ހޯދައިގެން ތަދްވީން ކޮށްފައި ހުރި ޙުކުމްތަކެއް ކަމަށް ބުނެދީ ހަދައެވެ.

އެގޮތުން ޒަމާނަށް އަންނަ ތަރައްޤީގެ ބަދަލައި އެއްގޮތަށް ޝަރުޢީ ނައްޞުތަކުން ނެރެވޭ ޙުކުމްތަކަކީ ވެސް ތަދްވީންކޮށް ބަދަލު ކުރެވޭނެ އެއްޗެއް ކަމަށް ވިސްނައިދީ ހަދައެވެ. އަދި ބުނަމުން ގެންދެއެވެ. އިސްލާމީ ޝަރުއު ފުރިހަމަވެފައިވާ ހިނދު ވެސް ފަހުޒަމާނާއި ކުރިއަރާފައިވާ ތަހުޒީބާ އެއްގޮތަށް ތަރިކަމުދާ އަންހެންފިރިހެނުންނަށް އެއްވަރުކޮށް ބެހުމާއި އަދި ދައުލަތްތަކާއި ގައުމުތަކު އެންމެމަތީ ވެރިކަމަށް އަންހެނުން ގެނައުމަށް ވެސް ފިގުހީގޮތުން އިޖުތިހާދުކޮށް ގޮތްތަކެއް ތަދުވީނު ކުރެވިދާނެއެވެ.

މީގެ އިތުރުން އިސްލާމް ދީނުގައި ނެތްމިންވަރަށް އިސްލާމް ދީނަށް، ތަޞައްވުފް، އާދެ ޞޫފިއްޔަތު (SUFISM or TASAWWUF) ވައްދައި މާސިންގާ އޮޅުވާލުންތަކެއް އޮޅުވާލައި މުސްލިމުންގެ މާތްވެގެންވާ ޖިހާދުން ޣާފިލް ކުރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ރާވައިގެން ހިންގަމުން ގެންދަނީ، ގުނާ އަދަދު ނުކުރެވޭހައި ގިނައިންނެވެ.

އިސްލާމީ ޤައުމުތަކާއި އެވެރީންގެ ޤައުމުގަކުގައެވެ. ތަފާތުނަން ނަމުގައި އެކިއެކި ފަލްސަފާއާއި ފިކުރުތަކުގެ މަޒްހަބުތައް ވަނީ، އެވެރީންގެ އެހީއާއި މަދަދުލިބިގެން މުސްލިމް މުޖްތަމަޢު ތަކުގެ ތެރޭގައި އުފައްދައި ޤާއިމުކޮށް ފައެވެ. އަބަދު ވެސް މަންތިގީގޮތުން ފަލްސަފާތައް ނެރެ ބޮޑުއޮވާލުމާ އެކު ދައްކައިގެން އިންސާނުންނަށް ވަރަށް ފަސޭހައިން އޮޅުވާލެވެއެވެ. ވީމާ ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް ވެސް މިމަގު ބޮޑެތިއޮޅުވާލުން ތަކާއި ދޮގުފަލްސަފާތައް ނެރެގެން އިންތިހާއަށް ބޭނުންކުރެއެވެ. އަދި ހެސްކިޔާފަ ކާމިޔާބު ވެސް ކުރެއެވެ.

ފަހެ، ގިނަ ހޯދުންތައް ހޯދާ ބާޙިޘުން ދެކޭގޮތުގައި، އިސްތިޝްރާޤު އުފަންވެފައި ވަނީ، އިސްތިޢުމާރު (COLONIZATION) އާއި ތަބްޝީރުގެ ދަށުންނެވެ. މިޒަމާނުގައި މުސްލިމުންގެ ދައުލަތްތައް އިސްތިޢުމާރު ކުރަނީ، ފިކުރީ ހަނގުރާމައިގެ ދަށުންނެވެ. ކުރީހެން ކަނޑިބަޑިން ހަނގުރާމަކޮށް ފަތަޙަކޮށް ގެނެއް ނޫނެވެ. ރަސްމީދިދައެއް ރަސްމީމަންދޫބަކު ފާޅޫގައި ފެންނަން ހުންނަގޮތަށް ނުބަހައްޓައެވެ.

އެހެނަސް އެހެން ހުރިހާ ދިމާތަކަކުން ދަށުލަނީ، ޒަމާނި އުކުޅުތަކުންނެވެ. ސީދާ ސިކުނޑިތަކައި ކުޅެލައިގެންނެވެ. ފަހެ، އިސްތިޢުމާރު އޭ ދެންނެވުމުން އިތުރު ތަފްޞީލެއް ނުދެންނެވިޔަސް އެއީ ކޮބައިކަމާއި ތަހްޒީބީ ޒަމާނުގައި އެއި ކޮބައިކަމާ އޭގެ ދައުރަކީ ކޮބައިކަމާ އެއަށް މުސްލިމުން ލަންބަމުން ގެންދަނީ ކިހާ މިންވަރަކަށްކަން ކޮންމެ ބޭފުޅަކަށް ވެސް ފެންނަ މަންޒަރުތަކުން އެނގިވަޑައި ގަންނަވާނެއެވެ. އެރޮނގުން ވިސްނާލައްވާށެވެ.

އިސްލާމީ މަފްހޫމަކުން ތެދުތެދަށް ދަންނަވަނީ ނަމަ، އިސްތިޢުމާރަކީ، އިސްލާމީ މުޖްތަމަޢުއަށް ޝަރުޢީ ހަމަތަކުގެދަށުން ލިބިގެންވާ ބާރުގެ މައްޗަށް އެހެން ބާރެއް ނުވަތަ ނުފޫޒެއް ވެރިކުރުވުމެވެ. މުޖްތަމަޢުއަށް އެވެރިވާ ބާރާއި ނުފޫޒުގެ އެހީގައި މުސްތަޝްރިޤުން، އެމީހުންގެ ދައުރު ވަރަށް ފުރިހަމައަށް ކުޅެމުން ދެއެވެ. އަދާކުރަމުން ގެންދެއެވެ. އެހެނީ، ބާރުވެރިވެގަތް ދައުލަތް، ދަށުވެފައިވާ ދައުލަތަށް ހަމްދަރުދީ އާއި ރަހްމަތްތެރި ކަމުގެ ދަށުން އެހީއެއްގެ ގޮތުގައި ދެޤައުމުގެ ދެމެދުގައި ހިންގޭ މުޢާމަލާތެއްގެ ގޮތުގައެވެ.

ނުވަތަ ހިލޭސާބަހަށް ދެވޭ ހަދިޔާއެއްގެ ސިފައިގައެވެ. ގިނަ ފަހަރަށް ސިއްރު މަޤްޞަދެއް ޙަޞިލްކުރުމަށް ބާއްވާ ހަމްދަރުދީގެ އެހީ މިބާއްވަނީ، ދުނިޔެވީ ފެންވަރުގެ ހޭލުންތެރި ކަމެއްގެ ގޮތުގައެވެ. އަދި ފިކުރީ ވިސްނުން ބިނާކުރުމާއި ޘަޤާފީގޮތްތައް ދެމެހެއްޓުމުގައި އިންސާނީ ކަރާމަތްތައް ޙިމާޔަތްކޮށް އެއްބައިވަންތަކަން ޤައިމުކުރުމުގެ ރީތި ނަމުގައެވެ.

ހަމަ އެހެންމެ މިފަދަ ޙާލަތެއްގައި މުބައްޝިރުންގެ އަމާޒަކަށް ވާނީ، އިސްލާމްދީން ފެތުރިފައި އޮތްވަރަށް ވުރެ ބޮޑަށް ފެތުރިގެން ދިޔަނުދޭން ގަދައަޅައި މަސައްކަތް ކުރުމެވެ. އަދި ނަމާދުކުރުމުން ނާއި މިސްކިތްތަކުން ވިހާ ދުރުގައި މުނިފޫހި ފިލުވުމުގަޔާއި ކުޅިވަރުގައި މުސްލިމް ޒުވާނުން، މަޝްޣޫލްކޮށް ފައި ބޭތިއްބުމެވެ. މުސްލިމުންގެ މެދުގައި އޮންނަ އުޚުއްވަތް ތެރިކަމުގެ ގައިގޯޅިހަމްދަރުދީ ގުޅުމުގެ ދިރިއުޅުމުން ދުރުކުރުމާއި މިސްކިތްތަކާއި ޤުރުއާނާއި ވީހާ ދުރުކުރުވުމެވެ. ތައުޙީދުގެ ޢަޤީދާ ބަލިކޮށް ދީނުގެ އިޙްސާސްތައް ހިތްތަކަށް ވަނަ ނުދީ އަބަދުވެސް މަޖަލުގައި ބޭތިއްބޭތޯ ގަދައަޅައި މަސައްކަތް ކުރުމެވެ.

މިގޮތުން ފިކުރީ ހަނގުރާމަ ކުރާ، ބައިނަލް އަޤްވާމީ ފެންވަރުގަޔާއި ޤައުމީ ފެންވަރުގެ ކުލަބްތަކާއި ޖަމްޢިއްޔާ ތަކާއި އެކިޒާތްޒާތުގެ އިޤްތިޞާދީ ކުންފުނިތަކާއި ކޯޕަރޭޓިވް ވިޔަފާރިތައް، މުސްލިމް މުޖްތަމަޢު ތަކުގައި ބައިވަރު ޙަރަކާތްތެރި ކުރުވަމުން ގެންދެއެވެ. އަދި އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ވަރަށް ފުޅާކޮށް ބައިވެރި ވަމުންދެއެވެ. މީގެ ތެރޭގައި ވަކިފަރާތަކަށް ނުޖެހޭ، ވަކި ދީނަކަށް ނުލެނބޭ ނަމުގައި އިންފިރާދީ ގޮތުން، ވަކި ފަރުދެއްގެ ހައިސިއްޔަތުން މި މައިދާނުގައި މަސައްކަތްކުރާ މީހުންނަކީ، މާ ނުރައްކާތެރި ބައެކެވެ.

މިވައްތަރުގެ ފިކުރީ ހަނގުރާމަ ވެރިންނަކީ، މުސްލިމް މުޖްތަމަޢު ތަކުން ފަހަކަށް އައިސް ފާހަގަކުރެވި، ހޮވާލެވޭ ގޮތަށް ތިބޭބަޔެކެވެ. ފެންނަ ފެނުމުގައި މިޒާތުގެ ފަރުދުންގެ މަސައްކަތަކަށް ފެންނާނީ، އިޤްތިޞާދީ ގޮތުން ނުވަތަ އިޖްތިމާޢީ ގޮތުން ނުވަތަ އިންސާނީ ދުޅަހެޔޮކަމަށް މާލީ ގޮތުންކޮށް ދެވޭ ކޮންމެވެސް ޚިދުމަތެއް ކޮށްދޭ ގޮތުގައެވެ. ނުވަތަ ތިމާވެށި ޙިމާޔަތް ކުރުމައްޓަކައި ހިލޭސާބަހަށް ކޮށް ދެވޭ ކަމެއްގެ ގޮތުގައެވެ. އަޞްލު ޙަޤީޤަތް އޮންނާނީ މާދުރުގައި ފޮރުވިފައެވެ. މީސްތަކުން އިސްތިޝްރާޤް ކުރުމުގެ މަސައްކަތް ބަރާބަރަށް ދާނީ ކުރިއަށެވެ. ނޭންގި ތިއްބާ އަމިއްލަވަންތަ މާދަރީބަސްދަސްކޮށް ދީނުން ދުރުކުރުމުގެ މަސައްކަތް ފަށާނީ އެބައެއްގެ މާދަރީ ބަހަކުންނެވެ.

ފަހެ، މުސްތަޝްރިޤުންނާއި މުބައްޝިރުންނަކީ، ޓާގެޓްތަކެއް އޮވެގެން ކުރިޔަށްދާ، މުޅިދުނިޔެ އެމީހުންގެ ވަކިގަނޑުގެ ދަށުލަމުންދާ ބައެކެވެ. މިގޮތުން އެމީހުންގެ މަދަދާއި އެހީތައް ޢިލްމީ ފެންވަރުގައި ތަނަވަސް ވެފައި ވަނީ، މަދެއްކޮށެއް ނޫނެވެ. އިސްލާމުން ބޭނުންކޮށް އުޅޭ ބަސްތަކާއި އެބަހުރުވައެއްގެ ބަލާޣަތްތެރި ކަމާއި އަދަބުތައް ކިޔަވައިދޭ މަރްކަޒުތައް ޔޫރަޕްގެ ވެރިރަށްތައް ކަމުގައިވާ، ލަންޑަނާއި ޕެރިހާއި ބާލިން ފަދަ ތަންތާގައި ބައިވަރު އެބަހުއްޓެވެ. ދުނިޔޭގައި ކުރިއަރަމުން ދަނީ އެފަދަ ޔުނިވަރސިޓީ ތަކާއި ޢިލްމީ މަރްކަޒުތަކެވެ.

ހަމަ އެހެންމެ، މުސްތަޝްރިޤުންނާއި މުބައްޝިރުންގެ ފުރިހަމަ އެހީ ގަދަޔަށް ލިބިގެން އެމީހުންގެ ބާރުގައި ހިންގާ ޢިލްމީ އެކަޑަމީތައް އިސްލާމީ އަދި ޢަރަބި ދައުލަތްތަކުގައި ވެސް ބައިވަރު އެބަހުއްޓެވެ. މިސާލަކަށް ޤާހިރާ، ދަމިޝްޤު އަދި ބަޣްދާދެވެ. ޚާއްޞަކޮށް އިސްތިޢުމާރީ ޚިދުމަތެއްގެ ގޮތުގައި ފައުޅުގައި އިސްތިޝްރާޤް ކުރިއެރުވުމަށް ޓަކައި ލެބަނާން، ސޫރިޔާ ފަދަ ޢަރަބި ޤައުމުތަކުގައި ތަޢުލީމީ މަރްކަޒުތައް ޤައިމުކޮށް ހިންގަމުން އެބަ ގެންދެއެވެ. މިކަންކަމުގެ ޙަޤީޤީ އަމާޒުފަތް ގަނޑަކީ، އިސްތިޢުމާރުގެ ޚިދުމަތް ދެމެހެއްޓުމާއި ކްރިސްޗިއަނުން ނާއި ޔަހޫދީ ޒައޮނިސްޓުންގެ އަމާޒުތައް ތަބްޝީރުގެ ތެރެއިން އިސްލާމީ ޤައުމުތަކަށް ފެތުރުމެވެ.

މިއަދު އިސްލާމީ ދުނިޔޭގެ ރޭވުންތައް ހުރިގޮތުން، މަތީ ތަޢުލީމަށް އެފަދަ މަރްކަޒުތަކުގެ ޚިދުމަތް ލިބިގަނެ ބޭނުން ހިފަން މަޖްބޫރެވެ. އެފަދަ މަރްކަޒުތަކުން އިސްލާމުން ދަރިވަރު ވަމުން ދަސްވަނި ވަމުން، މަތީ ތަޢްލީމު ލިބެމުން ދާއިރު، ތިމާގެ އަމިއްލަ ދީނަކީ، އިސްލާމްދީން ކަމާއި ތިމަންނާގެ ޤައުމަކީ، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްކަން އަބަދުވެސް ހަނދާންހުރެ އެފަދަ މަރްކަޒުތަކުން ދެވެމުންދާ ޚިދުމަތާއި ތަޢުލީމް އުނގެނުމަކުން އެއްވެސް މައްސަލައެއް ނެތެވެ. ލިބިގަންނަން ޖެހޭނެއެވެ.

ދީނަށާއި ޤައުމަށްޓަކައި ފައިދާއެއް ހޯދައިދިނުމަށް އުނގެނޭ އިންސާނާގެ އަމާޒު ފަތްގަނޑަކަށް ވާންވާނީ މިޓާގެޓެވެ. އެހިނދު އޭނާ އެ އުނގެނެނީ ހަޅަގުގެ މަރްކަޒުތަކުން ކަމުގައި ވިޔަސް އޭނާއަކީ އޭނާއަށާއި އޭނާގެ ދީނަށާއި ޤައުމަށް އުގެނޭ މީހަކަށް ވާނެއެވެ. ހަމައެކަނި ޝަރުޠަކީ އޭނާގެ އިސްލާމީ ޢަޤީދާއަށް އެފަދަ މަރްކަޒުތަކުގެ ފިކުރުތައް ވައްދައި ފަސާދަވިޔަ ނުދިނުމެވެ.

މުސްލިމުން މިކަން ކުރަންވާނީ އެމީހުން އިސްލާމްދީނުގެ އަސްލުތަކާއި ނައްޞުތައް ދަސްކޮށް، ޢަރަބިބަހާއި ޤުރްއާންގެ ތަފްސީރު އުނގެނުނު އިރު އެމީހުންގެ ޢަޤީދާގެ މަތީގައި ސާބިތުވެ ތބިގޮތަށެވެ. އިސްލާމުން ވެސް އިސްލާމީ ޢަޤީދާގެ މަތީގައި ވަރުގަދައަށް ސާބިތުވެ ތިބެގެންނެވެ.

ފަހެ، ދަންނާށެވެ! މުޅި ދުނިޔެއަށް ތަބްޝީރު ފެތުރުމަށްޓަކައި ދުނިޔޭގެ އެކިތަންކޮޅު ތަކުގައި ޚާއްޞަކޮށް އިސްލާމީ ޤައުމުތަކުގައި ނަޞާރާއިންނާއި ޔަހޫދީ ޒައޮނިސްޓުން، ތަބްޝީރު ކުރުމުގެ ކަންކަން ގެންދާނެ ގޮތުގެ މަޝްވަރާކުރުމަށް މުއުތަމަރުތަކާއި ކޮންފަރެންސްތައް ޤަވައިދުން ރާވައިގެން ބާއްވަމުން، ޙަރަކާތްތެރި ވަމުން ގެންދެއެވެ.

މިގޮތުން ބޭއްވުނު އެންމެ ފުރަތަމަ ކޮންފަރެންސް މިޞްރުގެ ވެރިރަށް ޤާހިރާގައި، 1906 މ. ގައި ބޭއްވިއެވެ. މިކަމުގެ ވެރިއަކީ އަދި މޭސްތިރިއަކީ، އެމެރިކާގެ މިޗިގަން ސްޓޭޓަށް އުފަން، ޞަމްވީލް ޒުވައިމަރ (SAMUEL MARINUS ZWEMER, 12 April 1867 – 2 April 1952) އެވެ. މީނާ އަކީ، ރިފޯރމްޑް ޗަރޗް އިން އެމެރިކާ (REFORMED CHURCH IN AMERICA) އާއި ގުޅިގެން، 1851 މ. ގައި މިޗިގަން ސްޓޭޓްގައި ހުޅުވުނު، ހޯޕް ކޮލެޖް (HOPE COLLEGE) އިން މަތީ ތަޢުލީމް ޙާޞިލްކުރި ބޭފުޅެކެވެ.

މީނާ އަށް ލަޤަބެއްގެ ގޮތުގައި ދެވިފައިވަނީ، އަލްރަސޫލް އިލަލް އިސްލާމް (THE APOSTEL TO ISLAM) އެވެ. ތަބްޝީރުގެ މަސައްކަތުގައި މުބައްޝިރެއްގެ ގޮތުގައި މީނާ ފުރަތަމަ ފޮނުވީ، އަލްޖަޒީރަތުލް ޢަރަބިއްޔާ ކުރުކޮށް އިނގިރޭސިން ބުނާ “އެރެބިއާ” (ARABIA) އަށެވެ.

އެރެބިއަން މިޝަންގައި 1890 އިން ފެށިގެން، 1913 މ. އައި ހަމައަށް މަސައްކަތް ކުރެއްވިއެވެ. 1891 އިން ފެށިގެން، 1905 މ. އައި ހަމައަށް ހުންނެވީ، ބަހްރައިން ގައި ތަބްޝީރުގެ ކަންކަން ހިންގެވުމަށެވެ. ބަޙްރައިންގައި މީނާ ފައްޅިއެއް ޤްއިމު ކުރިއެވެ. އެއީ ބަހްރައިންގައި އެޅުނު ފުރަތަމަ ފައްޅިއެވެ. އަދި މިޞްރުގައި، 1913 އިން ފެށިގެން 1929 މ. އައި ހަމައަށް ޚިދުމަތް ކުރެއްވިއެވެ. މިދަންނަވާ، 1906 މ. ގައި ބޭއްވި ކޮންފަރެންސް ބޭއްވެވީ، އޭނާގެ އަމިއްލަ ގޭގައެވެ.

މިޞްރުގެ ސަރުކާރު ފަރާތްތަކަށް ފުރިހަމައަށް އެނގިގެން ޢިލްމީ މަސައްކަތެއްގެ ގޮތުގައެވެ. ކޮންފަރެންސްގެ ރައީސަކީ، މީނާއެވެ. އެޖެންޑާއަކީ، “މުސްލިމް ދުނިޔެ” (THE MOSLEM WORLD) އެވެ. މިމައުޞޫއަށް ޒުވައިމަރ ހުށަހެޅުއްވި ކަރުދާހަށް ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސްކުރެވުނެވެ.

މީނާގެ މިކަރުދާހުގެ މައިގަނޑު ނުކުތާތައް އެކުލެވިގެން ވަނީ، މުސްލިމުންގެ ޢަޤީދާ ވަރުގަދަވެފައި ޖިހާދުކުރުމުގެ ރޫޙު އަށަގަންނަ މިންވަރު މަތިކަމުގެ މައްޗަށެވެ. މިކަމަށް ވާހަކަދައްކަވައި އިޝާރާތް ކުރައްވަމުން، ނަސޭޙަތެއްގެ ގޮތުގައި މިކޮންފަރެންސަށް ދެ ނުކުތާއެއް އެނާ ހުށަހެޅުއްވިއެވެ.

ފުރަތަމަ ނުކުތާއަކީ، މުސްލިމުންނަށް އެމީހުންގެ ޢަދާވަތްތެރިންނަކީ، ނަޞާރާއިން ނޫންކަން އަންގައި ދިނުމަކީ އަހުރެމެންގެ މައްޗަށް، ވާޖިބެއް ކަމުގައި ކަނޑައެޅުމެވެ.

ދެވަނަ ނުކުތާއަކީ، އެންމެ ނުރައްކާތެރި ނުކުތާކަމަށް ހާމަކުރައްވަމުން ވިދާޅުވީ، މުސްލިމުންނަށް ތަބްޝީރުކުރުމަށް މީހުންހޮވައި ތައްޔާރު ކުރުވަންވާނީ، ސީދާ އެމީހުންގެ ތެރެއިން ކަމަށެވެ. އެހެނީ، “ގަސްކަނޑާ ވައްޓާލަން ފަސޭހަވާނީ، އެބައެއްގެ އަހުލުވެރިން ލައްވައި ކަމަށް ވާތީއެވެ.”

އާދެ! ޒުވައިމަރ ވަނީ، ދިރާސާކުރި މިކަރުދާސް ތަކުގެ މައްޗަށް ފަހުން ފުރިހަމަ ދިރާސާއެއް ހައްދަވައި، “މުސްލިމް ދުނިޔެ” މިނަމުގައި އެތައް ޖިލްދުތަކަކަށް ހިމެނޭ ފޮތެއް ޝާއިޢު ކުރައްވާފައެވެ. މުސްލިމުން ނަޞާރާ ކުރުމަށް މީނާވަނީ މީނާގެ ނަމުގައި މަޢްހަދެއް އުފައްދާފައެވެ. އެމަޢްހަދުން ވަނީ، މި މައުޞޫގައި އެތައްފޮތް ތަކަކާއި ދިރާސާތަކެއް ޝާއިޢުކޮށް ނެރެފައެވެ.

މިގޮތުގެ މަތީން މިމަސައްކަތް ވަރަށް ރޭވުންތެރިކަމާ އެކު ކުރިޔަށް ގެންދެއެވެ. އަދި މިމަސައްކަތަށް ފައްޅިތަކުން ބޮޑު ޚަރަދެއް ކުރެއެވެ. ފަހެ، މުސްލިމުންނައި ކުރެވެމުންދާ ފިކުރީ ހަނގުރާމައަށް މިކަން ވަނީ، ހަދާފައެވެ. ތުރުކީގައި އޮތް އިސްލާމީ ޚިލާފަތު ނައްތާލީ މިހަނގުރާމައިގެ އުކުޅުތަކުންނެވެ. އަދި މިއަދުވެސް މުސްލިމުނައި އެކު ފެށިފައިވާ ހަނގުރާމަތައް ހިންގަނީ، ފިކުރީ ހަނގުރާމައެއްގެ ގޮތުގައި މިއުކުޅުތަކުގެ ތެރެއިންނެވެ.

މުބައްޝިރުންގެ ދެވަނަ ކޮންފަރެންސެއް، 1910 މ. ގައި އިނގިރޭސި ވިލާތުގެ އެޑިންބަރގްގައި ބޭއްވުނެވެ. ތިންވަނަ ކޮންފަރެންސެއް، 1911 މ. ގައި އިންޑިއާގެ ކަލަނޫ ގައި ބޭއްވުނެވެ. ހަތަރުވަނަ ކޮންފަރެންސެއް، 1924 މ. ގައި ފަލަސްޠީނުގެ ޤުދުސްގައި ބޭއްވުނެވެ. ފަސްވަނަ ކޮންފަރެންސެއް، 1935 މ. ގައި ފަލަސްޠީނުގެ ޤުދުސް ގައި ބޭއްވުނެވެ. އަދި ހަވަނަ ކޮންފަރެންސެއް، 1961 މ. ގައި ފަލަސްޠީނުގެ ޤުދުސްގައި ބޭއްވުނެވެ.

މިހާ ހިސާބުން މުބައްޝިރުންގެ ޙަޤީޤީ މަޤްޞަދު ވަނީ، ޙާސިލްކުރެވި ފުރިހަމަ ވެފައެވެ. ރީތިކޮށް ޢަރަބިކަރައާއި ޝާމް ކަރައިގައި މިމީހުންގެ މަރްކަޒުތައް ޤައިމުކޮށް ޢަމަލީ މަސައްކަތް ވަނީ، ކާމިޔާބުކޮށް ފައެވެ. އަދި ބަރާބަރަށް އިސްލާމީ ޤައުމުތަކުގައި މީގެ މަރްކަޒުތައް ވަނީ، ޤައިމުކޮށް ހަދާފައެވެ. މިފަދަ ބޮޑެތި ބައްދަލުވުން ތަކުގެ ނަތީޖާގައި މުސްލިމުންނާއި މުސްލިމް ޤައުމުތަކުގެ ކުރިމަގައި މެދު ވިސްނައި ފިކުރުކޮށް އަޅާނެ ފިޔަވަޅުތައް އެމީހުން ދަނެގަނެ އެވެ. އަދި ފުރިހަމައަށް އޭގެ ބޭނުންހިފަންޖެހޭ ވަގުތު ހިފަމުން ދެއެވެ.

އާދެ! މިޝަނަރީ (މުބައްޝިރުން) މިބަސް އުފެދިފައި ވަނީ، މިޝަން (MISSION) މިބަހުންނެވެ. މިޝަން މިބަސް ވުޖޫދަށް އައީ، 1958 މ. ގައެވެ. ޖެޒްއޭޓްސް އޭ ކިޔުނު ބަޔަކު އެމީހުންގެ ނަޞާރާދީން ފެތުރުމަށް، އެމީހުންގެ މެންބަރުން ދުނިޔޭގެ އެކިދިމާތަކަށް ދީން ފެތުރުމަށް ފޮނުވަން ފެށި ހިސާބުން ނެވެ. ފުރަތަމަ ފަހަރަށް މިޝަނަރީން ކިޔަން ފެށުނީ، މި މަސައްކަތުގައި ފޮނުވޭ މީހުންނަށެވެ. ނަޞާރާދީން ފެތުރުމަށް ފޮނުވޭ މީހުންނަށެވެ.

އެހެންވުމުން މިޝަނަރީންނަކީ، ނަޞާރާދީން ފެތުރުމަށް އެކިދިމާތަކަށް ފޮނުވާ މަންދޫބުންނަށް ދެވިފައިވާ ނަމެވެ. އަދި ޖެޒްއޭޓުންނަކީ ވެސް މީގެ އެދުރުންނެވެ. ޢަރަބި ބަހުން ޖެޒްއޭޓުންނަށް ކިޔަނީ، ޔަސޫޢީންނެވެ. ޔަސޫޢުއަކީ އެމީހުން، މަސީހްއަށް ކިޔާނަމެވެ. މަސީޙްއަކީ، ޢީސާގެފާނެވެ. މިޝަނަރީންނާއި ޖެޒްއޭޓުންނަކީ، ދުނިޔޭގެ ފައްޅިތަކުން ދުނިޔޭގެ އެކިހިސާބުތަކަށް ރާވައިގެން ދީން ފެތުރުމަށް ފޮނުވާ ޢިލްމީ މީހުންނެވެ. ދެން އަޅުގަނޑު ބަލައިލާނީ ޖެޒްއޭޓްސް އަށެވެ.

ޖެޒްއޭޓްސް:

އާދެ! ޖެޒްއޭޓްސް (JESUITS) މިބަސް ދިވެހި ރަށްފުށަށް އާންމުކޮށް އިވި، ފެތުރިގެން ދިޔައީ ރާއްޖޭގެ ހަތަރުވަނަ ރައީސުލް ޖުމްހޫރިއްޔާ، ރައީސް ނަޝީދު، 2013 މ. ގައި ޑެންމާކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއްގައި އެބަސް ބޭނުން ކުރެއްވި ހިސާބުންނެވެ. މިތާގައި އަޅުގަނޑު އެބަހަށް ބަލައިލަން މިޖެހުނީ، މުބައްޝިރުން އުފެދިފައި ވަނީ، ޖެޒްއޭޓްސް ތެރެއިން ރިބްރޭންޑް ވެގެން ކަމުގައި ވާތީއެވެ.

ފަހެ، ޖެޒްއޭޓުންނަކީ، ސޮސައިޓީ އޮފް ޖީސަސް (SOCIETY OF JESUS) މިޖަމާޢަތުގެ މެންބަރުންނެވެ. ސޮސައިޓީ އޮފް ޖީސަސް އުފައްދާފައި ވަނީ، 15 އޯގަސްޓް 1534 މ. ގައި ބާބާ އިގްނޭޝަސް ލޮއިލާ (SAINT IGNATIUS LOYOLA, 23 Oct 1491 – 31 July 1559) އެވެ. މީނާއަކީ ފަހަތުގައި ޢަސްކަރީ މާޒީއެއް އޮތް ބޭފުޅެކެވެ. ސްޕެއިން ޢަސްކަރިއްޔާގައި މަސައްކަތް ކުރެއްވި އަދި ހަނގުރާމަ ތަކުގައި ޢަމަލީގޮތުން ގަދަޔަށް ބައިވެރިވެފައިވާ ޢިލްމީ ފަންނުތަކަށް ހޭލުންތެރި ކުޅަދާނަ ސޯލްޖަރެކެވެ. އަޒުމް ވަރުގަދަ ހަނގުރާމަ ވެރިއެކެވެ.

ފަހެ، ހަނގުރާމަ އެއްގައި މީނާގެ އެއްފައިގައި، ބޮޑުބަޑީގެ އުންޑައެއް ކަމުގައިވާ، ކެނަންބޯޅައަކުން ޖެހި ބޮޑެތި ޒަޚަމްތަކެއް ލިބިގެން އެފަރުވާގައި ގިނަދުވަސް ތަކެއް ވަންދެން ތަންމަތީގައި އޮތް ދުވަސްވަރު، މީނާ މުޠާލިޢާކޮށް ދިރާސާކުރަމުން ގެންދިޔައީ، ވިޓާ ކްރައިސްޓް “ލައިފް އޮފް ކްރައިސްޓް” މިފޮތެވެ. މިފޮތަކީ، ރުޑޮލްފް ސެކްސަނީ (LUDOLPH OF SAXONY, 1300 – 1374) ލިޔުއްވާފައިވާ ކަލަކު ވޮޑިގެން ވާކަމުގެ ސައިންސައި ބެހޭ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފޮތެކެވެ.

އާދެ! ބާބާ ރުޑޮލްފް ސެކްސަނީގެ މިފޮތް، ލޮއިލާ ދިރާސާކުރައްވަމުން ގެންދެވި ދުވަސްވަރު ފިކުރީގޮތުން ރޫޙާނީ ތަޖްރިބާތަކެއް ކުރަމުން ގެންދިޔައެވެ. ނަފްސާނީ ތަމްރީނުތަކެއް ހަދަމުން ދިޔައެވެ. އަދި މިއީ ފިކުރީގޮތުން ސިކުނޑިއަށް ދެވޭ ތަމްރީންތަކެއް ކަމުގައި ދެކި، ރޫޙާނީ ކަސްރަތު “ސްޕިރިޗުއަލް އެކްސަސައިޒު” ތަކެއް ފަރުމާކޮށް ކަރުދާހެއްގެ ސިފައިގައި ތަޙްރީރު ކުރެއްވިއެވެ. ސިކުނޑީގެ މިފަރުވާއަކީ، ހަތަރު ހަފްތާއަށް ބަހާލައިގެން، 28 ނުވަތަ، 30 ދުވަހުން ނިންމާލަން ޖެހޭ ރޫޙާނީ ފަރުވާއެކެވެ. ތަމްރީނެކެވެ. ޒަމާނީގޮތުން ދަންނަވަނީ ނަމަ، ރިޓްރީޓް (RETREAT) އެކެވެ. ނުވަތަ މެޑިޓޭޝަން (MEDITATION) އެކެވެ.

ފަހެ، މިކަރުދާސް ފޮތެއްގެ ސިފައިގައި އެޕްރޫވް ކުރެއްވީ، އޭރުގެ އެންމެމަތީ ޕޯޕް ކަމުގައިވާ، ޕޯޕްޕޯލް ތިނެއް، 1540 މ. ގައެވެ. ސޮސައިޓީ އޮފް ޖީސަސް އަށް ރަސްމީ ހައިސިއްޔަތެއް ދެއްވީ ވެސް މިޕޯޕެވެ. މިޕޯޕުގެ އުފަންނަމަކީ، އަލެސަންޑްރޯ ފަރޯޒް (ALESSANDRO FARNESE) އެވެ. ޕޯޕްކަމުގައި ހުންނެވީ، 1534އިން ފެށިގެން، 1549 މ. އަށެވެ. ދުނިޔެއަށް އުފަންވީ، 29 ފެބްރުއަރީ 1468 މ. ގައެވެ. އުމުރުން، 81 (އައްޑިހަ އެކެއް) އަހަރުގައި އަވަހާރަވީ، 10 ނޮވެންބަރ 1549 މ. ގައެވެ. މިޕޯޕްއަރިހުގައި އިގްނޭޝަސް ލޮއިލާ ވެގެންދިޔައީ ވަރަށް ޤަދަރުކުރެވޭ އިސް ބޭފުޅަކަށެވެ. ރޫޙާނީ ސިފަތަކެއް ލިބިފައިވާ މީހަކަށެވެ.

ލޮއިލާ ހެއްދެވި ގޮތަކީ މީނާގެ މިދިރާސާގެ މައްޗަށް ބިނާކޮށް މީނާއައި އެކު، ޔުނިވަރސިޓީ އޮފް ޕެރިސްގައި ކިޔަވަމުންދިޔަ، މީހަކައި ގުޅި ހަތްމީހުން ވެގެން، ސޮސައިޓީ އޮފް ޖީސަސް ވުޖޫދަށް ގެނައީއެވެ. އަދި ޢަމަލީ ގޮތުން އެމަސައްކަތް ފެށީއެވެ.

ފަހެ، ޕެރިސް ޔުނިވަރސިޓީ އަކީ، 1150 މ. އިން ފެށިގެން ހިންގަމުން އަންނަ ޔުނިވަރސިޓީ އެކެވެ. ފަހެ، މިހާރު މިޖަމާޢަތުގައި ސައުވީސްހާސް ހަތަރު ސަތޭކަ މެންބަރުން ތިބެއެވެ. މިއަދާ ހަމައަށް ހަ ކޮންޓިނެންޓުގެ، 112 ޤައުމުގައި، 1825 ގެއަށް ވަދެ، އަވަދިނެތި ޙަރަކާތްތެރި ވަމުން ގޮސްފައި ވެއެވެ. މިވީ، 455 އަހަރު ތެރޭގައި މިޖަމާޢަތުގެ މީހުން ކަމުގައިވާ ޖެޒްއޭޓުން ނާއި މިޝަނަރީން ވަނީ، މަތީ ދަރަޖައިގެ ކާމިޔާބުތަކެއް ޙާޞިލްކޮށް ފައެވެ. ސޮސައިޓީ އޮފް ޖީސަސް ރަސްމީކޮށް ހިންގަމުން ދަނީ، ރޯމްގައެވެ. ވެރިކަމުގެ ފަރާތުން ޤާނޫނީބާރުތައް ލިބިގެންނެވެ. ރަސްމީ ބައްދަލުވުންތައް ގަވައިދުން ބާއްވަމުން ގެންދެއެވެ.

މިހާރު އެސޮސައިޓީގެ ސްޕީރިއަރ ޖެނެރަލް (SUPERIOR GENERAL) އަކީ، ސްޕެއިންގެ ރޯމަން ކެތޮލިކް ފައްޅީގެ ފާދިރީއެއް ކަމުގައިވާ، އެޑޮލްފް ނިކޮލަސް (ADOLF NICOLAS PACHON, born, 29 April 1936) އެވެ. މީނާ އޮފީހައި ޙަވާލުވެ ލެއްވީ، 19 ޖެނުއަރީ 2008 މ. ގައެވެ. މީނާއަކީ، އެމަޤާމައި ޙަވާލުވެލެއްވި، ތިރީސް ވަނަ ރޫޙާނީ ބަފައެވެ.

ފަހެ، މިޖަމާޢަތުގެ ފުރަތަމަ ރޫޙާނީ ބަފަޔައީ، ފައުންޑަރ ކަމުގައިވާ، ލޮއިލާ ފާދިރީއެވެ. މިހިނދުގައި ދަންނަވާލަން އޮތީ، މިރާއްޖޭގައި ވެސް މިޖަމާޢަތުގެ މެންބަރުން، އެކި ނަންނަމުގައި ޙަރަކާތްތެރި ވަމުންދާ ވާހަކައެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރައީސް ނަޝީދު، 2013 މ. ގައި ވަނީ، ޖެޒްއޭޓުން “ތެދުވެ ޙަރަކާޔްތެރި ވުމަށް” ޑެންމާކަށް ވަޑައިގެންނެވި ދަތުރެއްގައި ގޮވާލައްވާ ފައެވެ. ވީމާ މުސްލިމް ދިވެހިރާއްޖޭގައި މިމަސައްކަތުގެ ބިންގާއެޅިފައިވާކަން ޔަގީންވީއެވެ.

މުސްލިމުންނާއި ޔަހޫދީންނައި ދެމެދު ހޫނުކޮށް ހިނގާނެ ހަނގުރާމައެއް:

ދުނިޔޭގައި ހިނގި ބޮޑު ދެހަނގުރާމައަށް ފަހު، ޔޫރަޕްގެ އެހީގައި ޒައޮނިސްޓް ޔަހޫދީން އަތުލާފައިވާ ފަލަސްޠީނުގެ ބިމުގައި އުފެއްދި އިސްރާއީލީ ދައުލަތުން މުސްލިމް ޢަރަބިންނައި އެކު ކުރި ފުރަތަމަ ހަނގުރާމަ ރަސްމީކޮށް ކުރެވުނީ، 15 މެއި 1948 އިން ފެށިގެން، 10 މާޗް 1949 މ. އައި ހަމައަށެވެ.

މި ހަނގުރާމައިގައި އިސްރާއީލީ ޑިފެންސް ފޯސް (އައި ޑީ އެފް) އައި ކުރިމަތިލީ، ޢަރަބި ލީގް (LEAGUE OF ARAB STATES) އާއި ޖައިޝުލް ޖިހާދުލް މުޤައްދިސް “جيش الجهاد المقدس” (HOLY WAR ARMY) އާއި ޖައިޝުލް އިންޤާޒުލް ޢަރަބި “جيش الإنقاذ العرب”  (ARAB LIBERATION ARMY) އާއި ބްރަދަރހުޑް (MUSLIM BROTHERHOOD) ގެ ޢަސްކަރީ މުސްލިމުންނެވެ.

އަދި ޔަމަންގެ ޢަސްކަރީންނާއި ޕާކިސްތާނުގެ ޢަސްކަރީންނާއި ސޫދާންގެ ޢަސްކަރީން ވެސް ބައިވެރިވި އެވެ. ޖައިޝުލް ޖިހާދުލް މުޤައްދިސްގެ ލީޑަރަކީ، ޢަބްދުލް ޤާދިރު އަލްޙުސައިނީ އެވެ. މީނާއައި އެކު، ލީޑަރެއްގެ ގޮތުން، ޙަސަން ސަލާމާ (HASAN SALAMA, 1912 – 1948) ވެސް ބައިވެރިވެ ވަޑައިގަތެވެ. މިދެބޭފުޅުންނަކީ، ފަލަސްޠީނުގެ ވަރަށް ހަނގުރާމަވެރި ވަރުގަދަ ޢާއިލާއަކުން ވަޑައިގެން ތިއްބެވި އެބިމުގެ ދަރީންނެވެ.

ފަލަސްޠީނު ޔަހޫދީންގެ އަތުން މިނިވަން ކުރުމަށް ނުކުންނެވި މުޖާހިދުންގެ ތެރެއިން ގުނާލެވޭ ދެބޭފުޅުންނެވެ. އެރަބް ލިބަރޭޝަން އާރމީގެ ލީޑަރަކަށް ހުންނެވީ، ފައުޒީ އަލްޤާވުޤްޖީ (FAWZI al-QAWUGJI) އެވެ. މިޖަމާޢަތްތަކަކީ، 1947 އިން ފެށިގެން، 1949 މ. އައި ދެމެދު ފަލަސްޠީން ތެރޭގައި ޙަރަކާތްތެރިވި މުޖާހިދުންގެ ލަޝްކަރުތަކުގެ ޤާޢިދުންނެވެ. ހަނގުރާމަވެރި މުޖާހިދުންގެ ޤާޢިދުންނެވެ. ޖެނެރަލުންނެވެ. ޤައުމީ ބަޠޮލުންނެވެ.

ފަހެ، މި ހަނގުރާމަ، 9 (ނުވައެއް) މަހާއި، 3 (ތިނެއް) ހަފްތާ އާއި، 2 (ދޭއް) ދުވަސް ވަންދެން ހޫނުކޮށް ކުރެވުނެވެ. ކާމިޔާބު ހޯދީ، އިސްރާއީލީ ދައުލަތުގެ ޢަސްކަރީންނެވެ.

އާދެ! ދެވަނަ ޢަރަބި އިސްރާއީލު ހަނގުރާމަ ރަސްމީކޮށް ފެށުނީ، 29 އޮކްޓޯބަރ 1956 މ. ގައެވެ. ހޫނުކޮށް ހިނގީ، 7 ނޮވެންބަރ 1956 މ. އައި ހަމައަށެވެ. އެއް ހަފްތާއާއި ދެދުވަހަށެވެ. އެހެނަސް މާޗް 1957 މ. އައި ހަމައަށް ދެމިގެން ދިޔައެވެ. މިޞްރުގެ ސީނާ ސަރަޙައްދުން އިސްރާއީލު ޢަސްކަރީން ފޭބީ މިދުވަހުއެވެ.

މިހަނގުރާމަ ހިންގީ، ޣައްޒާ (GAZA STRIP) އާއި ސީނާ އާއި ސުވޭޒްކަނަލް ސަރަޙައްދުގައެވެ. މި ހަނގުރާމަ މަޝްހޫރުވެފައި ވަނީ، ސުވޭޒް ކަނަލް ހަމަނުޖެހުން (SUEZ CRISIS) ނުވަތަ ޢަރަބިން ނަމަ، އަލްޢުދްވާނުލް ޘުލާޘީ “العدوان الثلاثي” (THE TRIPARTITE AGGRESSION) ގެ ނަމުންނެވެ. ލީޑަރުންނަކީ، މިޞްރުން، ޖަމާލް ޢަބްދުލްނާޞިރެވެ. އިސްރާއީލުން، ޑޭވިޑް ބެން ގޯރިއޮން، އިސްރާއީލުގެ ފުރަތަމަ ބޮޑު ވަޒީރެވެ.

އޭރު އައި ޑީ އެފްގެ ޗީފް އަކީ މޫސާ ދައްޔާނެވެ. މިހަނގުރާމައިގެ ނަތީޖާއަކީ، ސިޔާސީގޮތުން މިޞްރުން ކާމިޔާބީތަކެއް ހޯދުމެވެ. އަދި ވާހަކަތަކަށް ފަހު، ސީނާއިން އިސްރާއީލު ޢަސްކަރީން މާޗް 1957 މ. ގައި ފޭބުމެވެ. އަދި އިސްރާއީލާއި ޔޫކޭއާއި ފްރާންސް އައި އެކު މިޞްރުން ސިއްރިއްޔާތުގައި ވާހަކަތައް ފެށުމެވެ.

އާދެ! ތިންވަނަ ޢަރަބި އިސްރާއީލު ހަނގުރާމައަކީ، 1967 މ. ގައި ކުރެވުނު މަޝްހޫރު ހަތް ދުވަހުގެ ހަނގުރާމަ (SIX DAY WAR) އެވެ. މި ހަނގުރާމަ ކުރެވުނީ، 1967 ޖޫން، 5 އިން ފެށިގެން، 10 ޖޫން އަށެވެ. މިއީ، މިޞްރާއި މިޞްރުގެ އިއްތިޙާދުގައި ހިމެނޭ، ޖޯރޑަންއާއި ސޫރިޔާ އައި އެކު، އިސްރާއީލީ ދައުލަތުން ކުރި ހަނގުރާމައެކެވެ.

ލީޑަރުންނަކީ، މިޞްރުން ޖަމާލް ޢަބްދުލްނާޞިރާއި އިސްރާއީލުން އޭރުގެ ޑިފެންސް މިނިސްޓަރ މޫސާދައްޔާން (MOSHE DAYAN, 20 May 1915 – 16 Oct 1987) އެވެ. އެނާ ދިފާޢީ އޮފީހުގައި އިންނެވީ، 5 ޖޫން 1967 އިން ފެށިގެން، 3 ޖޫން 1974 މ. އައި ހަމައަށެވެ.

ނަތީޖާއަކީ، އައި ޑީ އެފްގެ ޢަސްކަރީން ކާމިޔާބު ހޯދުމެވެ. އަދި ޢަރަބީންގެ ބޮޑެތި ތިން ދައުލަތް ކަމުގައިވާ، މިޞްރާއި ސޫރިޔާއާއި ޖޯރޑުން އަށް ޔަހޫދީ ޒައޮނިސްޓުން ވަރުގަދަ ޙަމަލާތަކެއް ދިނުމެވެ. މިހަނގުރާމައިގައި، އަލްޟިއްފަތުލް ޣަރްބިއްޔާ (WEST BANK) އާއި ޣައްޒާއާއި ސޫރިޔާއިން ބަޔަކާއި މިޞްރުގެ ސީނާ، ޒައޮނިސްޓުންގެ ބާރުގެ ދަށަށް ގެންދިޔައެވެ. މިޙާދިޘާ ވެގެންދިޔައީ ހުރިހާ މުސްލިމުންނަށް ލިބިގެން ދިޔަ ދެރައަކަށެވެ. ހިތާމައަކަށެވެ.

ޢަރަބި އިސްރާއީލު ހަތަރު ވަނަ ހަނގުރާމައަކީ، 1973 މ. ގައި ކުރެވުނު މަޝްހޫރު “އޮކްޓޯބަރ ހަނގުރާމަ” އެވެ. މި ހަނގުރާމަ މަޝްހޫރުވެފައި ވަނީ، 1973 ގެ ޢަރަބި އިސްރާއީލު ހަނގުރާމައިގެ ނަމުންނެވެ. މިއީ، މިޞްރު ޢަރަބި އިއްތިޙާދުގެ ޤައުމުތަކައި އެކު އިސްރާއީލުން ކުރި ހަނގުރާމައެކެވެ. ހަނގުރާމަ ކުރެވުނީ، 6 އިން ފެށިގެން، 25 އޮކްޓޯބަރ 1973 މ. އައި ހަމައަށެވެ.

ޢަސްކަރީ ގޮތުން ކާމިޔާބު ހޯދީ އިސްރާއީލުން ނެވެ. ސިޔާސީ ގޮތުން ދެފަރާތަށް ވެސް ފައިދާތަކެއް ވެގެންދިޔަ އެވެ. ލީޑަރުންނަށް ތިއްބެވީ، މިޞްރުން، މުޙައްމަދު އަންވަރުއް ސާދާތް އާއި ޙާފިޒް އަލްއަސަދު އެވެ. އިސްރާއީލު ފަޅިން ތިއްބެވީ، ބޮޑުވަޒީރު ގޯލްޑަމައިރް (GOLDA MEIR, 3 May 1898 – 8 Dec 1978) އެވެ.

އެއީ އިސްރާއީލީ ދައުލަތުގެ ހަތަރުވަނަ ބޮޑުވަޒީރެވެ. އޮފީހުގައި އިންނެވީ، 17 މާޗް 1969 އިން ފެށިގެން، 2 ޖޫން 1974 މ. އައި ހަމައަށެވެ. މި ހަނގުރާމައިގައި ވެސް ޑިފެންސް މިނިސްޓަރ އަކީ މޫސާ ދައްޔާނެވެ. މި ހަނގުރާމައިގެ ސިޔާސީ ކާމިޔާބުގެ ތެރެއިން ކޭންޕްޑޭވިޑް އެއްބަސްވުން (CAMP DAVID ACCORDS) އެއްބަސްވުން ހިމެނިގެން ދިޔައެވެ. މި އެއްބަސް ވުމުގައި މިޞްރާއި އިސްރާއީލުންނާއި އެމެރިކާއިން ސޮއިކުރީ، 17 ސެޕްޓެމްބަރ 1978 މ. ގައެވެ.

އާދެ! އެއަށް ފަހު، 1989 މ. އައި ހަމައަށް ފަލަސްޠީން އޮތީ އެއޮތް ގޮތަށެވެ. ރަސްމީކޮށް ހަނގުރާމަތައް ހުއްޓިފައި އޮތަސް ފިނިކޮށް ހަނގުރާމަ ހިންގައި ޢަރަބި މުސްލިމުންނަށް އަނިޔާކޮށް އެމީހުންގެ ގެދޮރުންނެރެ ބޭރުކޮށްލުމާއި މަރާލުން ފަދަ ކަންކަން ބަރާބަރަށް ހިންގަމުން ގެންދެއެވެ. ފިނި ހަނގުރާމަތައް ވެސް ހިނގަމުން ދެއެވެ. ފަލަސްޠީނުގެ އެތެރެ އިންތިހާއަށް ޢަރަބިންނައި މުސްލިމުންނަށް ނާމާނެވެ. ޖުލައި 5، 1967 މ. ދުވަހު އިސްރާއިލީ އެއަރފޯރސްގެ ވެރިޔާ ދިން ނޫސްބަޔާނެއްގައި ފަޚުރުވެރި ވަމުން ބުނެފައިވެއެވެ.

” ސޯޅަ އަހަރުވަންދެން، އަހުރެމެން ތިބީ، އިސްރާއީލު ހަނގުރާމަމަތީ މަތިންދާބޯޓުތަކުން، މިދިން އަށް މިނެޓްގެ ޙަމަލާގެ ފަހަތުގައި އިންތިޒާރުކޮށް ކޮށެވެ. އަހުރެމެންގެ ރޭވުންތައް ކާމިޔާބުކޮށް، ދިރުވިއްޖެއެވެ. ހަމަ އެފަދައިން އަދިވެސް އަހުރެމެންގެ ރޭވުންތައް ދެމި ހުންނާނެއެވެ.”

ފަހެ، އޭގެ ހެކިތައް މިއަދައި ހަމައަށް ދެމިގެން އެބައާދެއެވެ. ފެންނަމުން އެބަދެއެވެ. ބައްލަވާށެވެ! ނޭނގި ތިއްބައި، ޢިރާޤްގައި ޞައްދާމް ޙުސައިން، ފްރާންސައި ގުޅިގެން، 1976 މ. ގައި އޮސިރާކް ރިއެކްޓަރ (OSIRAK REACTOR) ގެ ނަމުގައި ތަރައްޤީ ކުރައްވަމުން ގެންދެވި، ނިއުކްލިއަރ މަރްކަޒަށް ބޮންއަޅައި އެމަރްކަޒު ބިމައި ހަމަކޮށްލީ ޔަހޫދީންނެވެ.

އިސްރާއީލީ ދައުލަތުން މިޙަމަލާރާވައި ތަންފީޒުކުރީ، ހަވަނަ ބޮޑުވަޒީރު، މިނޭހިމް ބައިގިން (MENACHEM BEGIN, 16 Aug 1913 – 9 March 1992) ގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާ އޮފީހުގައި އިންނެވީ، 21 ޖޫން 1977 އިން ފެށިގެން، 10 އޮކްޓޯބަރ 1983 މ. އައި ހަމަ އަށެވެ. މިޙަމަލާ ކާމިޔާބުކަމައި އެކު ތަންފީޒުކުރީ، އާދީއްތަ ދުވަހެއްގެ މެންދުރުފަހު ތިނެއްގެ ފަހުންނެވެ.

އަދި ބޮންއެޅުމަށް ގަޑި ކަނޑައެޅީ ރޭގަނޑު ޝިފްޓަށް މީހުން ބަދަލުވާ ގަޑިއައި ދިމާކޮށެވެ. އެޙަމަލާ ތަންފީޒުލުރުމަށް ތިބި މީހުން ފަހުން ބަޔާން ދީފައިވާ ގޮތުގައި މިގޮތަށް އެކަން ހިންގީ، އެތާތިބި ފްރާންސްގެ ރައްޔިތުންގެ ފުރާނަ ގެއްލިގެން ދިއުން މަދު ކުރެވޭތޯއެވެ.

މިޙަމަލާ ތަންފީޒުކުރީ، 7 ޖޫން 1981 މ. ދުވަހު މެންދުރު ފަހުން ފެށިގެންއެވެ. އިސްރާއީލު ޢަސްކަރިއްޔާގެ އެފް ސޯޅައިގެ، 8 (އަށެން) މަތިންދާ ބޯޓުފަހަރުގައެވެ. އެފް ފަނަރައިގެ ބައެއް ބޯޓު ފަހަރު ވެސް މީގެ ތެރޭގައި ބޮން އެޅި ބޯޓުފަހަރުގެ ޙިމާޔަތުގައި ދަތުރު ކުރިއެވެ. އިސްރާއީލު ބޯޑަރައި ހަސަތޭކަ މޭލު ދުރުގައި ބަޣްދާދު ރަށުބޭރުގައި ގައިމު ކުރެވިފައިވާ މިމަރްކަޒު ފުނޑާލުމަށް އެހާދުރަށް މިފަދަ ބޯޓުގައި ތައްޔާރީ ޙާލަތުގައި އުދުހުނު މިއީ ފުރަތަމަ ފަހަރެވެ.

ބޯޓުގައި ތިޔޮ ރައްކާކުރުމަށް އިތުރު ޓޭންކުތައް ފިޔަގަނޑު ދަށުގައި ހަދަންޖެހުނެވެ. އެހެނަސް އެތައް ތަޖްރިބާތަކަކަށް ފަހު، މި އޮޕަރޭޝަން “އޮޕަރޭޝަން އޮޕެރާ (OPERATION OPERA) ތަންފީޒުކޮށް ނިންމާލީ ވަރަށް ފުރިހަމަ ކާމިޔާބައި އެކުގައެވެ.

ދުޝްމަނުނަށް އެއްވެސް އިޝާރާތެއް ނެތިއެވެ. އަދި ދެކޮޅުވެރި ޢަރަބި ތިން ޤައުމު މަތިން އުދުހެން ޖެހުނެވެ. ޖޯރޑުން އާއި ސަޢޫދިޔާއާއި ޢިރާޤު މަތިންނެވެ. އެއީ އީރާން ޢިރާޤް ހަނގުރާމަ ދުވަސް ވަރަށް ވާތީ، އީރާނުގެ ބޮޑުބަޑިތައް ތައްޔާރީ ޙާލަތުގައި ޕައިލެޓުންނަށް ފެންނަން ހުރި ދުވަހެއްގައެވެ.

ޢަރަބީންނައި ދެކޮޅަށް މިފާޑުގެ ޙަމަލާތައް ރާވައި ތަންފީޒު ކުރުމަކީ، އިސްރާއީލީ ދައުލަތުގެ އެންމެމަތީ މަޤްޞަދެވެ. ފަލަސްޠީނު ތެރޭގައި މެދުކެނޑުމެއް ނެތި ބިންމަތީ ޙަމަލާތައް ދިޔައީ ދެމުންނެވެ. ފާހަގަ ކުރެވޭވަރުގެ ޙާދިޘާތަކެއް ވަނީ ފެނިފައެވެ.

އާދެ! އޭރުވެސް އަދި މިހާރުވެސް އެމެރިކާ އާއި ރަޝިޔާއިން އިސްރާއީލު މީހުންނަށް، ހުރިހާ ގޮތަކުން ވެސް މަދަދާއި އެހީވަމުންދެ އެވެ. ހަމަ އެހެންމެ، މުނައްޒަމަތުލް ތަޙްރީރުލް ފަލަސްޠީނިއްޔާ “منظمة التحريرالفلسطينية” (PALESTINE LIBERATION ORGANIZATION {PLO}) ޕީއެލްއޯ އަށް ޢަރަބި ޤައުމުތަކުން މަދަދުދީ އެހީތެރިވަމުން ދާލެއް ކުޑައެއް ނޫނެވެ.

މިޖަމާޢަތް، (ޕީއެލްއޯ) ބިންގާ އެޅުނީ، 28 މެއި 1964 މ. ގައެވެ. މައިމަރުކަޒު ހުންނަނީ، ވެސްޓުބޭންކާއި ރާމަﷲ ގައެވެ. ފުރަތަމަ ޗެއަރމަން އަކީ، އަޙްމަދު އަލްޝުޤައިރީ (AHMED al-SHUKEIRI, 1 Jan 1908 – 26 Feb 1980) އެވެ. އޮފީހުގައި އިންނެވީ، 1964 އިން ފެށިގެން، 1967 މ. އައި ހަމައަށެވެ. ދެވަނަ ޗެއަރމަން އަކީ، ޔަޙްޔާ ޙަމޫދާ (YAHYA HAMMUDEH, 1908 – 2006) އެވެ. އޮފީހުގައި އިންނެވީ، 24 ޑިސެންބަރ 1967 އިން ފެށިގެން، 2 ފެބްރުއަރީ 1969 މ. އައި ހަމައަށެވެ.

ތިންވަނަ ޗެއަރމަން އަކީ، އަބޫ ޢަންމާރު ޔާސިރު ޢަރަފާތް (YASSER ARAFAT, 24 Aug 1929 – 11 Nov 2004) އެވެ. އޮފީހުގައި އިންނެވީ، 4 ފެބްރުއަރީ 1969 އިން ފެށިގެން، 29 އޮކްޓޯބަރ 2004 މ. އައި ހަމައަށެވެ. އަދި މިދުވަހުން ފެށިގެން، ވަގުތީ (އެކްޓިން) ޗެއަރމަން އަކަށް އިސްވީ މަޙްމުދު ޢައްބާސް އެވެ. ދާއިމީ ވެގެން ދިޔައީ ޔާސިރު ޢަރަފާތު އަވަހާރަ ވުމުންނެވެ.

ފަހެ، ޔާސިރު ޢަރަފާތަކީ، ފަލަސްޠީނުގެ ޤައުމީ އިދާރާ (PALESTINIAN NATIONAL AUTHORITY) ގެ ފުރަތަމަ ރައީސެވެ. އޮފީހުގައި އިންނެވީ، 5 ޖުލައި 1994 އިން ފެށިގެން، 11 ނޮވެންބަރ 2004 މ. އައި ހަމައަށެވެ. ޔާސިރު ޢަރަފާތު އަވަހާރަ ވުމުން، 11 ނޮވެންބަރ 2004 މ. އިން ފެށިގެން، ފަލަސްޠީނުގެ ޤައުމީ އިދާރާގެ ވެރިއަކީ، މަޙްމޫދު ޢައްބާސް އެވެ.

ފަލަސްޠީނުގެ ކަންކަން މިހެން އޮތްއިރު، ޢަރަބިންނާއި މުސްލިމުންގެ ހާލަކީ ކޮބައި ތޯއެވެ؟ ހަމަ މިތިބިގޮތަށް ލޯމަރާލައިގެން ތިބެންވީ ތޯއެވެ؟ ނުވަތަ ތެދުވެ ފަލަސްޠީނުގެ ކަންކަމައި ވިސްނައި އެކަމަށް ޙައްލެއް ގެނައުމަށް ކުރެވެންހުރި މަސައްކަތް ފަށަން ވެއްޖެ ނޫން ތޯއެވެ! މިހަނގުރާމަ ކާމިޔާބުކުރަން ތިބިބަޔަކީ މުސްލިމުންނެވެ. އިސްލާމީ އުންމަތެވެ. ހުރިހައި މުސްލިމުން އެކައްޗެއް ކިޔޭތޯ ބަލަންވެއްޖެއެވެ.

ފަހެ، ދަންނާށެވެ! ކާފަރުންނަކީ، އެއް މިއްލަތެއްކަން އަބަދުވެސް ހަނދުމަފުޅުގައި ބަހައްޓާށެވެ. ޚާއްޞަކޮށް ސިޔާސީ މައިދާނުގައި އެވެރިންގެ މިއްލަތަކީ، އިސްލާމުންނައި އިދިކޮޅަށް ބައިބައިވެ ބެހިގެންދާނެ މިއްލަތެއް ނޫނެވެ. މުސްލިމުންނައި ދެކޮޅުވާންވީމައި ތިބޭނީ އެކަތިގަނޑަކަށް ވެގެންނެވެ.

ރަޝިޔަނުން ނަށް ވިޔަސް އެމެރިކާނުން ނަށް ވިޔަސް ޗައިނީޒުން ނަށް ވިޔަސް ފަރަންސޭސީން ނަށް ވިޔަސް އަދި އިނގިރޭސިން ނަށް ވިޔަސް އެމީހުންވާނީ ހަމަ އެކައްޗަކަށެވެ. އެއީ އެއް މިއްލަތެކެވެ. ފަރަންޖީ މިއްލަތެވެ. އެއް އުންމަތެކެވެ. މުސްލިމުންނަކީ އަނެއް މިއްލަތެވެ. ބިޔަ އުންމަތެކެވެ. ޙަޤީޤީ ހަނގުރާމަ މިއުޅެނީ، މި ދެމިއްލަތުގެ ދެމެދުގައެވެ.

ފަހެ، މިހާރަށް ބައްލަވާށެވެ! ފަލަސްޠީނުގެ ބޮޑު ބައެއް މިހާރު ވަނީ، ޔަހޫދީންގެ އަތްދަށުގައެވެ. މުސްލިމުންގެ ދެޤިބްލައިން ކުރެ ފުރަތަމަ ޤިބްލަވަނީ، ނުވަތަ ތިންވަނަ ޙަރަމްފުޅު މިހާރުވަނީ، ޔަހޫދީންގެ ބާރުގެ ދަށުގައެވެ. ކޮންޓްރޯލް ކުރަނީ އެބައި މީހުންނެވެ. ކުރާނީ ކީއްތޯއެވެ؟! ހަދާނީ ކިހިނެތްތޯއެވެ؟! މުސްލިމުންނަށް ދިމާވާނެ އެންމެބޮޑު ހިތާމަ މިހާރު މިވަނީ ދިމާވެފައެވެ.

ފަހެ، މުސްލިމުންނަކީ އެއް އުންމަތެއްގެ އެއް ދީނެއްގެ ބައެކެވެ. ދުނިޔޭގެ އެތަން މިތަނުގައި މުސްލިމުން ބެހި، ވިއްސިވިހާލި ވެފައި ތިއްބަސް މުސްލިމުން ވާން ޖެހޭނީ ފުރިހަމަ އިސްލާމުންނަށެވެ. އެމީހުންގެ ޢަޤީދާ ވާންޖެހޭނީ، އެއް ޢަޤީދާ އަކަށެވެ.

ވަޙްދަތު އަބަދުވެސް ހިފާއްޓަން ވާނެއެވެ. މުސްލިމުންގެ ތެރެއިން އެކަކަށް އަނިޔާއެއް ނުވަތަ ހާނިކައެއް ވެއްޖެނަމަ، އެކަން އެވަނީ އެންމެންނަށް ކަމުގައި ބަލަންޖެހޭނެ އެވެ. މުސްލިމް އެންމެންނަށް ވާތަދެއް ކަމުގައި ބަލަން ޖެހޭނެއެވެ. ފަހެ، އެ އަނިޔާގެ ތަދަށް ފަރުވާ ދިނުމަކީ، ހުރިހާ މުސްލިމުންގެ ކަމަކަށް ވާންޖެހޭނެއެވެ.

ފަހެ، މިހާރު ހިނގަމުން މިދާ ޤަތުލްތަކަށް ބަލައިލަމާ ތޯއެވެ؟ ފަލަސްޠީނުގައި ޤަތުލްވެ ހަލާކުވެގެން އެދާ މުސްލިމުންނަކީ، ކޮންބައެއްތޯއެވެ؟ ފަހެ، އެބައި މީހުންނީ ހަމަ އަޅުގަނޑުމެން ކަހަލަ މުސްލިމުންނެވެ. ވަކި އެހެން ދީނެއްގެ ބައެއް ނޫނެވެ. އަދި އެހެން މާމަތީ ދަރަޖައެއްގެ ބައެއް ނޫނެވެ.

ޔަހޫދީން އެމީހުން ޤަތުލްކޮށް ހަލަކުކޮށް ސުންނާފަތި ކުރަމުން ދާއިރު، އެމީހުންގެ އަތުގައި ވަނީ، ހަމަ އެކަނި އީމާން ކަމުގެ ހަތިޔާރެވެ. އަޅުކަމުގެ ހަތިޔާރެވެ. މާތް މަތިވެރި އަޚްލާޤުގެ ހަތިޔާރެވެ. މިދެންނެވި ހަތިޔާރު އެމީހުންގެ ހަށިގަނޑުގައިވާ ލެއައި އެކުވެފައި ނެތްނަމަ، މިއަދުގެ ކުރިއަރާފައިވާ ސްޓްރެޓެޖިކް ހަތިޔާރުތަކުގެ ކުރިމައްޗަށް ނުކުމެ ތިބެ މޭދިއްކޮށް، ﷲ އަކްބަރުގެ އަޑު އުފުލަން ކެރުނީސް ތޯއެވެ؟

މިމަޒްމޫނު ވިދާޅުވާ ކޮންމެ ދަރިވަރަކު، ނުވަތަ ކޮންމެ ބޭފުޅަކު، މިކަމާ މެދު ވަޤުތުކޮޅެއް ހުސް ކުރައްވައިގެން ވިސްނައި ވަޑައިގަންނަވަން ވެއްޖެކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަނޑު މެން މުސްލިމުންނަށް މިކަހަލަ ކޮންމެ ދަނޑިވަޅެއްގައި ރުޖޫޢަވާން އޮތީ، ﷲ އަށާއި މުޙައްމަދުގެފާނު ގެނެސްދެއްވި ސުންނަތެވެ.

ދެވަނަ އެހެން އެއްޗެއް ނެތެވެ. ކުރީގެ ހަނގުރާމަތައް ކޮށް ހަދައިފައި ވަނީ ވެސް، މުސްލިމުންނެވެ. އިސްލާމީ އުންމަތުންނެވެ. ﷲ އަށާއި މުޙައްމަދުގެފާނުގެ ސުންނަތަށް ތަބާވެގެން ތިބި މުސްލިމުންނެވެ. ބަދުރު ހަނގުރާމަ އާއި އެހެނިހެން ހަނގުރާމަތައް ވެސް ކުރީ ހަމަ މުސްލިމުންނެވެ.

އިސްލާމީ އުންމަތަށް އެންމެހައި ނަޞްރުތަކާއި ފަތަޙަތައް ހޯއްދަވައި ދެއްވީ ވެސް ހަމަ މުސްލިމުންނެވެ. ޢުމަރުގެފާނުގެ ފަތަޙަތަކާއި ޞަލާޙުއްދީނު ކުރެއްވި ފަތަޙަތަކަށް ނަޒަރު ކުރައްވާށެވެ.

ފަހެ، މި މުސްލިމުންނަކީ، މަލާއިކަތުންފަދަ ނޫރުންނެއް ނޫނެވެ. ހަމަ އަޅުގަނޑުމެން ކަހަލަ ބަޝަރުންނެވެ. އެހިނދު ސުވާލަކީ، މިއަދު އަޅުގަނޑު މެންނަށް އެފަދަ އާރަކާއި ބާރެއް ނުލިބިގެން މިއުޅެނީ ކީއްވެގެން ބާވައެވެ!! ފަހެ، ދަންނާށެވެ! އެބާރަކީ އީމާންތެރި ކަމުގެ ބާރެވެ.

އަދި އެބާރަކީކޮންމެ ޒަމާނެއްގެ މުސްލިމުން ކަމުގައި ވިޔަސް ލިބިގަނެވެން އޮތް ބާރެކެވެ. އީމާންތެރިކަން ވަރުގަދަކޮށް އިސްލާމީ އަޚްލާޤުގެ މަތިވެރި ފޭރާމުން ޒީނަތްތެރިވާން ވީއެވެ. އޭރުން އެބާރު އިއާދަވާނެކަން ކަށަވަރެވެ. ޔަހޫދީން ބަލިކުރެވެން އަންނަނީ އެބާރު އަނބުރާ މުސްލިމުންނަށް ލިބިގަނެ ގެންނެވެ. މުސްލިމުންނަށް އީމާންތެރިކަން ގަދަކުރެވުމުން އެބާރު ލިބޭނެކަމުގެ ހެއްކަކަށް އަލްއިމާމް މުސްލިމް ރިވާ ކުރައްވާފައިވާ، މި ޙަދީޘްފުޅު ފުދެއެވެ.

عن أبي هريرة  رضي الله عنه عن النبي صل الله عليه وسلم أنه قال: {لاتقوم الساعة حتي يقاتل المسلمون اليهود فيقتلهم المسلمون حتي يختبئ اليهودي وراء الحجر والشجر فيقول الحجر والشجر يا مسلم يا عبدالله هاذا يهودي خلفى تعال فاقتله إلا الغرقد فإنه من شجراليهود}

މާނައީ، “ޔަހޫދީންނާއި މުސްލިމުން ހަނގުރާމަ ނުކުރަނީސް ޤިޔާމަތެއް ނުވާނެއެވެ. އަދި ޔަހޫދީން ގަސްގަހައި ގެއްސާއި ހިލަހިލައިގެ ބިއްދަށަށް ވަދެ ބޮނދައި ފިލައިފުމަށް ދާންދެން މުސްލިމުން އެބައި މީހުންނައި ހަނގުރާމަ ކުރާނެއެވެ. ފަހެ، އެހިނދު އެގަހާއި އެހިލަ ބުނާނެއެވެ.

އޭ! މުސްލިމް މީހާއެވެ! އޭ! ﷲގެ އަޅާއެވެ! މަގޭ ބިއްދަށުގައި ބޮނދައި މިއޮތީ ޔަހޫދީއެކެވެ. އަވަހަށް އައިސް ޤަތުލްކޮށް ލާށެވެ. ފަހެ، މިހެން ނުބުނާނީ ހަމައެކަނި ޣަރްޤަދު ގަހެވެ. އެހެނީ އެގަހަކީ، ޔަހޫދީ ގަހަކަށް ވާތީއެވެ.”

މުޙައްމަދުގެފާނުގެ މިތެދުބަސްފުޅުން އިސްލާމީ އުންމަތަށް ލިބިފައި އެވަނީ، ވަރަށް މަތިވެރި އަދި އުފާވެރި ޚަބަރެކެވެ. މިއިން އެގިގެންދަނީ، ޙައްޤާއި ތެދު ގޮތުގައި ސީދާތެދު ޢަޤީދާގެ މަތީގައި ދެމި ތިބި، މުސްލިމް މުޖާހިދުންނަށް އެފަދަ ނަޞްރު ދެއްވާނެ ކަމެވެ.

ފަހެ، އެބައަކީ ބިމުގައި ބޮޑާކަމާއި ފަޚުރުހޯދުމަށް ނޫޅޭ، އަދި ބިމުގައި ފަސާދަކޮށް ނޫޅޭ ބައަކު ކަމުގައި ވާނެއެވެ. ތެދުވެރި އީމާންތެރި ބައަކު ކަމުގައި ވާނެކަމެވެ. އަމިއްލަ އެދުމަށްވުރެ ޖަމާޢަތުގެ އެދުން އިސްކުރާނެ ބައަކު ކަމުގައި ވާނެކަމެވެ. އަދި ވެސް މިއިން އެނގެނީ، ޔަހޫދީންނާއި އިސްލާމުން ނައި ދޭތެރޭގައި ވަރަށް ހޫނުކޮށް ވަރުގަދަ ހަނގުރާމައެއް ހިނގާނެ ކަމެވެ.

ފަހެ، މިހަނގުރާމަ ވެގެންދާނީ، ޙައްޤާއި ބާޠިލް ވަކިވާނެ ހަނގުރާމަ އަކަށް ކަން ކަށަވަރު ވުމެވެ. ދުނިޔެ ނިމުމުގެ ކުރިން މިއި ހިނގާނެ ހަނގުރާމައެއްކަން ޔަޤީނެވެ. އަދި މިހަނގުރާމައިގައި، ﷲގެ ސިފައިން، ޝައިޠާނާގެ ސިފައިންގެ މައްޗަށް ގަދަވާނެކަން، ޤުރްއާނުގެ މިއާޔަތުން ޔަޤީންކޮށް ދެއެވެ. ޞާއްފާތު ސޫރަތުގެ، 173 ވަނަ އާޔަތް ބައްލަވާށެވެ!

وَإِنَّ جُندَنَا لَهُمُ الْغَالِبُونَ ﴿١٧٣﴾

މާނައީ، “ގަދަވާނޭ ބަޔަކީ، ތިމަން ﷲގެ ލަޝްކަރުކަން ކަށަވަރެވެ.”

އަދިވެސް ﷲ ވަޙުކުރެއްވިއެވެ. ރޫމް ސޫރަތުގެ، 47 ވަނަ އާޔަތް ބައްލަވާށެވެ!

وَكَانَ حَقًّا عَلَيْنَا نَصْرُ الْمُؤْمِنِينَ ﴿٤٧﴾

މާނައީ، “އަދި އީމާންވި މީހުންނަށް ނަޞްރާއި ވާގި ދެއްވުން ތިމަން، ﷲގެ މައްޗަށް ޙައްޤެއް ކަމުގައި ވިއެވެ.”

އަދިވެސް މިޙަދީޘްފުޅުންނާއި އާޔަތްތަކުން އެގޭ އެއްވާހާކައަކީ، މިހާރު ފަލަސްޠީނުގައި ހިނގަމުންދާ ހަނގުރާމަ އަދި ނިމޭކަށް ނެތްކަމެވެ. ފަހެ، އެހަނގުރާމައިގެ ނިމުން އަންނަން އޮތީ، މުސްލިމުންނަށް، އާދެ! އިސްލާމީ އުންމަތަށް ކާމިޔާބު ލިބި ނަޞްރު ލިބުމުންނެވެ. މިއީ ހޫނުކޮށް ހިނގާނެ ހަނގުރާމަ އެކެވެ. އެދުވަސް ފެންނާނެއެވެ.

އެދުވަސް އައުމުން ބައެއް ޢަޖައިބުތައް ހިނގާތަން ފެނި، އާދަޔައިޚިލާފު ބައެއް ކަންކަންވެސް ހިނގާނެއެވެ. ގަސްގަހާއި ހިލަތައް ވެސް ބަސްބުނެ ހަދާނެއެވެ. އޭ! މިހިރީ ޔަހޫދީއެކެވެ! އަވަހަށް ޤަތުލުކޮށްލާށެވެ! މި ގޮތަށް ބަސްބުނެ ނުހަދާނީ، ހަމައެކަނި ޣަރްޤަދު ގަހެވެ. އެއި ޔަހޫދީ ގަހެކެވެ. މިއީ، ފަލަސްޠީނުގައި ވަރަށް ގިނައިން ހުންނަ ވަރަށް ބޮޑެތި ކަށިތަކެއް ލާފައި ހުންނަ ނުބައި ނުލަފާގަހެއްގެ ގޮތުގައި ހޮވިފައި ހުންނަ ގަހެކެވެ. މިގަހަށް ނަންދީފައި ވަނީ، “ޔަހޫދީގަސް” މިނަމުންނެވެ.

ފަހެ، ދަންނާށެވެ! މި ހިސާބުން ފާހަގަކޮށްލަން ޖެހޭ، ވަރަށް މުހިންމު ނުކުތާއެއް އެބަ އޮތެވެ. އެއީ މިއަދާހަމައަށް ވެސް މުސްލިމުން އެމީހުންގެ ފުރިހަމަ ޢަޤީދާއާއި އީމާންތެރި ކަމައި އެކު ކުރި އެއްވެސް ހަނގުރާމަ އެއްގައި ނާކާމިޔާބު ވެފައެއް ނެތެވެ. ނާކާމިޔާބު ވެފައި ވަނީ، ޢަޞަބީގޮތުން ގަޑުބަޑުކޮށް ދީނީ ގޮތްތައް ދޫކޮށް، ޖާހިލީ ޝިޢާރުތަކުގެ ދަށުން ކުރެވިފައިވާ ހަނގުރާމަ ތަކުގައެވެ.

މިއިން އެގެނީ، އަޅުގަނޑުމެން މުސްލިމުންނަށް ފަލަސްޠީން އަނބުރާ، ޔަހޫދީންގެ އަތުން އަތުލެވޭނީ، ފުރިހަމަ ސާފު އީމާންތެރި ކަމެއް ހިތަށް ގެނެވި، ވަރުގަދަ ޢަޤީދާއެއްގެ މަތީގައި ސާބިތުވެގެން ތިބެ، އިސްލާމް ދީނުގެ ޝިޢާރުގެ ދަށުން ހަނގުރާމައެއް ކުރެވިގެން ކަމެވެ.

މިދެންނެވުނު ހަނގުރާމައަކީ، ހިނގާނެ ހަނގުރާމައެއްކަން ކަށަވަރެވެ. އަދި އެދުވަހެއް ނޭގެނީއެވެ. ފަހެ، އެދުވަސް އަންނާނީ، ކޮން ޒަމާނެއްގައިކަން ނޭގެއެވެ. އަޅުގަނޑުމެންގެ މިޖީލްގެ ޙަޔާތުގައި އެދުވަސް ފެނިއްޖެ ނަމަ، ކިތަންމެހާވެސް ރަނގަޅެވެ.

އޭރުން މުސްލިމުންގެ ފުރަތަމަ ޤިބްލަ ކަމުގައިވާ އަދި ތިންވަނަ ޙަރަމްފުޅު ކަމުގައިވާ، މަސްޖިދުލް އަޤްޞާ ގައި މިނިވަން ކަމައިއެކު ނަމާދުކޮށް ލުމުގެ އުންމީދުގައި ތިބި، އެތައްހާސް މުސްލިމުންނަށް އެކަން ތަނަވަސް ވެގެންދާނެ އެވެ. އަޅަމެން މުސްލިމުންނަށް، ﷲ ވީހާ އަވަހަށް މިފަދަ ދުވަހެއް ދައްކަވާށިއެވެ! އާމީން!

ފަލަސްޠީން އާއި މުސްލިމުންނާ ހުރި ރޫޙާނީގުޅުން:

ﷲ، މައްކާ އާއި މަދީނާ ފަދައިން، ފަލަސްޠީންގެ ބިމުގެ ވަށައިގެން ބަރަކާތް ލެއްވުމަށް ފަހު، އިސްލާމް ދީނާއި މުސްލިމުންގެ ރަށްތަކުގެ ދިފާޢުގައި އެންމެ ކުރިއަރާނެ ތަނެއްކަމުގައި އެބިންވަނީ، ލައްވާފައެވެ. އެގޮތުން އެބިމަކީ، ﷲގެ ނަބީންނާއި ރަސޫލުން ގިނަ ޢަދަދަކަށް ފޮނުއްވާފައިވާ ބިމެކެވެ.

އަދި އެބިމުގެ މާތްކަން ފުރިހަމަ ވެގެންދިޔަ އެންމެ މުހިންމު ޙާދިޘާއަކީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިސްރާއި މިޢްރާޖްގެ ދަތުރުފުޅު މައްކާގެ ގެފުޅުން ފަލަސްޠީންގެ އަޤްޞާ މިސްކިތަށް، އަދި އެމިސްކިތުން، ސިދްރަތުލް މުންތަހާއަށް، އަދި އެހެންމެ އެންމެމަތީ އުޑުތަކުން، ފަލަސްޠީނުން މައްކާގެ ބިމަށް، ﷲ އެދަތުރުފުޅު ހަމަޖެއްސެވީ ތީއެވެ. ﷲގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް އެކުލެވިގެންވާ، އިސްރާއާއި މިޢްރާޖްގެ މިދަތުރު ފުޅަށް ޓަކައި ފަލަސްޠީންގެ ބިން، ޚިޔާރު ކުރައްވާފައި އެވަނީ، ބޭކާރު ގޮތަކަށް ނޫންކަން ކަށަވަރެވެ.

ފަހެ، އެދަތުރުގައި އެތައްތައް ސިއްރުތަކެއް އެކުލެވިގެން ވެއެވެ. އެދަތުރުފުޅު ހިނގާފައި އެވަނީ އިލާހީ ތަދްބީރެއްގެ ދަށުން ޕްލޭންކުރެވި، ސަމާވީ ސްޓްރެޓެޖިކް ހުނަރުތަކުގެ ފިލާވަޅެއްގެ ގޮތުގައެވެ. މުސްލިމުންނަށް ފުރިގެންވާ ކޮޅެއްނެތްހާ، ޢިބްރަތްތަކެއް އެކުލެވިގެންވާ ނަމޫނާއެއްގެ ގޮތުގައެވެ. އަދި އަބަދާއި އަބަދަށް ތާރީޚީގޮތުން އެތައް އެތައް މިލިޔަން، ބިލިޔަން މުސްލިމުން ނެއްގެ ހިތްތަކާއި ރޫޙާނީ ގޮތުން، ފަލަސްޠީންއާ ގުޅައި ދެއްވުމުގެ މަތިވެރި ބޭނުންފުޅުގައި ކަން ކަށަވަރެވެ.

އަޅުގަނޑުމެން މުސްލިމުންނަށް، ﷲ، މިވާހަކަތައް ގެނެސްދެއްވި، އާޔަތަކީ، އެންމެ އެއްފޮޅުވަތުން ލިޔެވިފއިވާ އާޔަތެއް ކަމުގައި ވިޔަސް އެއާޔަތުން މުސްލިމުންނަށް ލިބިގެންދާ ޢިބްރަތްތައް ކިތަންމެހާ ވެސް ގިނަގުނައެވެ. މިމަޒްމޫނުގައި އެއާޔަތް ގެނެސްދީފައި ވާނެއެވެ.

އަދިއެއާޔަތުގައި ހިމެނޭ ކަލިމަތަކުގެ ޢަދަދަށް ބަލާއިރު، 21 އަށްވުރެ ގިނަނޫން ކަމުގައި ވިޔަސް، ދުނިޔޭގެ ބިމުގައި ދިރިއުޅެމުން ގެންދާ އެންމެހާ މުސްލިމުންގެ ސިނކުޑިއާއި ހިތްތަކާއި ނަފްސާއި ޤުދުސްއާ ދެމެދު ހިންގާފައިވާ، ރޫޙާނީގުޅުމަކީ، މައްކާއާއި މަދީނާއަށް ދެވިފައިވާ، ރޫޙާނީ ލޯތްބާއި ކުލުނާއި ޤަދަރެވެ. ފަހެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހިތްޕުޅުގައި އަބަދުވެސް މިލޯތްބާއި ރޫޙާނީ ކުލުނު އޮތެވެ. ޝާމްކަރަ އަކީ، އަޅުގަނޑުމެން މުސްލިމުންގެ ތަނެއްކަމާއި އެބިމަށް ބަރަކާތް ލެއްވުމަށް ދުޢާދެންނެވި އެވެ.

އަދި އެކަލޭގެ ފާނުންގެ ޞަޙާބީން ޢަމަލީގޮތުން ހަނގުރާމަ ކުރައްވާއި ޝާމްކަރައާއި ޢިރާޤްއާއި މިޞްރު އާއި އުންދުލުސް ފަދަ ބިންތަކަށް އަރުއްވައި ފަތަޙަކޮށް ދެއްވިއެވެ. މުސްލިމުންގެ އިސްލާމީ އުންމަތަށް ޢިބްރަތުން ފުރިގެންވާ ދަރުސްތަކެއް ހަނގުރާމައިގެ ހުނަރުތަކާ އެކުގައި ދަސްކޮށް ދެއްވިއެވެ.

އުސާމާ ބިން ޒައިދް އާއި އަބޫޢުބައިދާ ބިން ޖައްރާޙް އާއި ޝަރަޙްބީލް ބިން ޙަސްނަތް އާއި ޚާލިދް ބިން ވަލީދް އާއި ޔަޒީދް ބިން އަބީ ސުފްޔާން އާއި ޢަމްރު ބިން އަލްޢާޞް ފަދަ ބޭފުޅުންނާ މެދު، އަޅުގަނޑުމެން މުސްލިމުން ފަޚްރުވެރި ވަމުން ދާއިރު، ބައިތުލް މަޤްދިސް ހުރި ބިންކަމުގައިވާ ފަލަސްޠީން އަށް، ފަޚްރުވެރި ވެވެން އޮތްލެއް މަތިވެރި ވެފައި މާބޮޑެވެ.

އެހެނީ، އެބިމުގެ ޢަމަލީ ފަތަޙައަށް ވުރެ، ކުރީގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރޫޙާއި ހަށިކޮޅާއެކު، އަމިއްލަ ނަފްސު ފުޅައިގެން އެބިންވަނީ، ފަތަޙަ ކުރައްވާ ފައެވެ. ﷲގެ އިރާދަފުޅާ އެކު، ޝާމްކަރައިގެ ފަލަސްޠީންގެ ބިމާއި ޙިޖާޒްކަރައިގެ މައްކާ، މަދީނަގެ ބިމައި ދެމެދުވަނީ، ޤުދްސީ ގުޅުމެއް ހިނގާފައެވެ.

އިލާހީލޯތްބެއް އުފެދިފައެވެ. ފަލަސްޠީން ބިމަކީ، މުސްލިމުންނާއި މުސްލިމުންގެ ދީނީ އަޅުކަން ކުރުމުގެ ތެރެއިންވާ މުހިންމު ބައެއް އެކުލެވޭ ބިމެކެވެ. މިއަދު އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް، އެބިން ޙިމާޔަތް ކުރުން ލާޒިމެވެ. ވާޖިބުވެގެން ވެއެވެ.

ފަހެ، މިއަދު ޣައްޒާގެ މުސްލިމުން ޒައޮނިސްޓް ޔަހޫދީންނައި ހަނގުރާމަ ކުރަމުން އެބިމަށް ލަމުންގެންދާ ކޮންމެ ނޭވާއަކީ، އިސްލާމީ ޖިހާދުކަން ކަށަވަރެވެ. ކޮންމެ މުސްލިމެއްގެ ޢަޒްމަކަށް މިއަދު ވާންޖެހޭނީ، އެމުޖާހިދުންގެ ހިތްވަރާއި ކެތްތެރިކަމާއި އީމާންތެރި ކަމެވެ.

ޝާމްކަރައިގެ އެބިމަކީ، ޙިޖާޒްކަރައިގެ މައްކާ އާއި މަދިނާގެ ބިންފަދައިން މުސްލިމުންނަށް ދަތުރުހަދައިގެން އަޅުކަންކުރަން ދިއުމަށް ހުއްދަވެގެންވާ ބިމެކެވެ. އެއީ މުސްލިމުންގެ އެންމެ ފުރަތަކަ ޤިބްލައެވެ. ގެފުޅާ ދިމާއަށް އެނބުރި ވަޑައިގެން ދެއްވުމަށް އަމުރުގެ އާޔަތް ބާވައި ލައްވަންދެން ރަސުލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުފުޅު ކުރެއްވި ޤިބްލައަށް އެޙަރަމްފުޅު ވާތީއެވެ.

މިކަންކަމާހުރެ މުސްލިމުންގެ ގާތުގައި ބައިތުލް މަޤްދިސް އަށް ދެވިފައިވަނީ، ވަރަށްމަތީ ދަރަޖައެއްގެ މުޤައްދަސް އަދި، މާތްކަމެކެވެ. އަދި ހަމައެހެންމެ އެމިސްކިތް ހުރިބިން ވަށައިގެން ޙުރުމަތް ކުރެއްވުމުން، މުޅި ފަލަސްޠީން އަށް މުސްލިމުންގެ ހިތުގައި ދެވެންޖެހޭނީ، ވަރަށްމަތީ ލޯތްބަކާއި ރޫޙާނީ ޤަދަރެކެވެ.

މައްކާ އާއި މަދީނާ މުސްލިމުންނާ ވަކިނުކުރެވޭނެ ފަދައިން ފަލަސްޠީން އަކީވެސް މުސްލިމުންނައި ވަކިކުރެވޭނެ ބިމެއް ނޫނެވެ. ދެން އަޅުގަނޑު ބަލައިލާނީ، އެބިމަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ޙަރަކާތްތައް ރާވައި ހިންގި ގޮތުގެ މައްޗަށެވެ.

ހައްގާނާ:

ހައްގާނާ (HAGANAH) އެކްޓިވްކޮށް ހަރަކާތްތެރިވީ، 1920 އިން ފެށިގެން، 1948 އަށެވެ. މިއީ ފަލަސްޠީން ތެރޭގައި ސިއްރުން ހަރަކާތްތެރި ވަމުންދިޔަ ޒައޮނިސްޓް ޕެރަމިލިޓަރީ އަންޑަރގްރައުންޑް ޖަމާޢަތެކެވެ. 1920 އިން ފެށިގެން، 1949 އަށް، ފަލަސްޠީން އިނގިރޭސި މޭންޑޭޓްގެ ދަށުގައި އޮތްއިރު، އިންގިރޭސިން ކިބައިން މިނިވަންވެ އަމިއްލަ މިނިވަން ދައުލަތެއް ފަލަސްޠީންގައި އުފެއްދުމަށް އެބިމުގައި ޒައޮނިސްޓުން އުފެއްދި ޢަސްކަރީ ސިއްރު ޖަމާޢަތެކެވެ.

ފަހުން މިޖަމާޢަތް ވެގެންދިޔައީ އިސްޜާއީލީ ޑިފެންސް ފޯރސްގެ ބައެއްގެ ގޮތުގައެވެ. ހައްގާނާގެ އަސްލަކީ، ހިބްރޫ ބަހުން، HASHOMER (ދަވޮޗްމޭން) އެވެ. ފަހެ، މިއީ ވެސް ޒައޮނިސްޓް ޔަހޫދީންގެ ދިފާޢުގައި ފަލަސްޠީންގައި މިނިވަން އަމިއްލަބިމެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދިޔަ ވަރުގަދަ ހަތިޔާރުއެޅި ޖަމާޢަތެކެވެ.

ފަހެ، ހަޝޯމަރ (ދަވޮޗްމޭން) ސޯސިއަލިސްޓް ޒައޮނިސްޓުން ވުޖޫދުވެފައި ވަނީ، 1909 ވަނަ އަހަރުއެވެ. 1920 ގައި ހައްގާނާ ވުޖޫދަށް އައިސް ހަރަކާތް ތެރިވާން ފެށުމުން ހަޝޯމަރ ފަދަ ޖަމާޢަތްތައް ހައްގާނާ ތެރެއަށް ވަދެ، ނެތި ދިޔައީއެވެ. މިފަދަ ޓެރަރިސްޓް، އަދި އިރްހާބީ ބިރުވެރިކަމުގެ ސިއްރު ޖަމާޢަތްތައް ހިންގަމުން ގެންދިޔައީ ރަޝިޔާއަށް އުފަން ޒައޮނިސްޓުން ކަމުގައިވާ، ސޯސިއަލިސްޓް ޒައޮނިސްޓުން ނެވެ.

މީގެ ގިނަ މެންބަރުންނަކީ، ޕޯލްޒިއޮން (POALE ZION) އަށް ނިސްނަތްވާ މީހުންނެވެ. އެއީ ޒައޮނިސްޓް މަސައްކަތް ތެރިން (WORKERS OF ZION) ގެ ގޮތުގައި ޙަރަކާތްތެރިވާން ފެށި ބައެކެވެ.

މިއީ ރަޝިޔަން އެންޕަޔަރ ގައި އުފެދުނު މަރކިސްޓް ޒައޮނިސްޓުންގެ މަސައްކަތް ތެރިންގެ ޖަމާޢަތެކެވެ. މިއީ، 1904 އިން ފެށިގެން، 1914 އައިދެމެދު ރަޝިޔާއިން ފަލަސްޠީން އަށް ހިޖްރަކުރި، ފަންސާސް ހާސް މީހުންގެ އަލިއްޔާ އޮއިވަރެއްގެ ތެރޭގައި ފަލަސްޠީން އަށް އައިމީހުންނެވެ. މިމީހުންގެ ހިޖްރަ ކުރުމުގެ އޮއިވަރަށް ދެވުނުނަމަކީ، އަލިއްޔާ (SECOND ALIYAH) އެވެ.

ސެކަންޑް އަލިއްޔާއަށް ވުމުގެ މާނައަކީ މީގެކުރިން ވެސް ހިޖްރައިގެ އެހެން އޮއިވަރެއް ފަލަސްޠީން އަށް އައިސްފައި ވާކަމެވެ. ބޯޓުފަހަރުގައި އެކިބުރުބުރަށް ހިޖްރަ ކުރަމުން މިގެންދާ ދަތުރުތަކަށް ހިބްރޫ ބަހުން ކިޔަނީ، އަލިއްޔާ އެވެ.

ފަހެ، އަލިއްޔާގެ މާނައަކީ، ލޭންޑް އޮފް އިސްރާއީލަށް ހިޖްރަކުރާ ޒައޮނިސްޓް ޔަހޫދީންނެވެ. އަލިއްޔާގެ ރޫޙާނީ މާނައަކީ، ރޫޙާނީގޮތުން މީހުންގެ ފިކްރު ބައްޓަންކޮށް ބިނާކޮށް، މީހުންގެ ތެރެއަށް އިތުރަށް ބާރުސްޕީޑްގައި ފުޅާކޮށް މީހުންގެ ވިސްނުން އެއް އަމާޒަކަށް ހަރުދަނާވެ، ފެތުރިގެން އިތުރުވަމުން ދިއުމެވެ.

އެއްފިކުރެއްގެ މީހުން ވީހާގިނަކޮށް އެއްދިމާއަކަށް ވާސިލުކޮށް ޢަމަލީގޮތުން މުޖްތަމަޢުއަށް ނެރުމެވެ. މިއޮއިވަރު ތަކަކީ، ފަލަސްޠީނުގެ ބިމަށް ހިޖްރަކުރަމުން ދިޔަ މުހާޖިރުން އިތުރުކުރުމެވެ. އަލިއްޔާ އިންނަކީ، ހިޖްރަކުރަމުން ގެންދިޔަ ޒައޮނިސްޓް ޔަހޫދީންގެ ބައިތަކެވެ. ޖަމާޢަތްތަކެވެ.

ޔޫރަޕްގެ އެތަންމިތަނުން ފަލަސްޠީން އަށް ހިޖްރަކުރާ މީހުންނަކީ، ވަރަށް މޮޅަށް ކިޔަވައިގެން ތިބޭ ފައިސާ ވެރިންނެވެ. އަދި އެހާމެ ހުނަރުވެރި ކުޅަދާނަ ނުފޫޒުގަދަ ފަރާތްތަކެވެ. މީގެ ތެރޭގައި ގިނައީ ޕައިލެޓުންނާއި އިންޖިނެއަރުން ނާއި ސައިންސް ވެރިންނާއި ޑޮކްޓަރުންނާއި އެކިއެކި ހުނަރުތަކަށް ކުޅަދާނަ މީހުންނެވެ. ހިޖްރަކުރަމުން ދިޔަ މިގުރޫޕްތަކުގެ ތެރޭގައި ބަރގޮއިރާ (BAR – GIORA) އޭކިޔުނު ޖަމާޢަތެއް ވެސް ހިމެނެވެ. މިއީ، 1907 ގައި އުފެދުނު ޖަމާޢަތެކެވެ.

ފަހެ، މިއިން ޖަމާޢަތެއްގައި މަދުވެގެން، 100 މެންބަރުން ހިމެނެއެވެ. މިޖަމާއަތްތަކަކީ، ހައްގާނާ ނުވަތަ ހައްޖާނާގެ ފެށުމެވެ. ސިއްރު މިޖަމާޢަތްތަކު ގައި ފިރިހެނުންނެކޭ އެއްސަފެއްގައި އަންހެނުން ވެސް ބަރާބަރަށް ހަރަކާތްތެރި ވަމުން ގެންދިޔައެވެ.

ހައްގާނާ ޖަމާޢަތުން ފަލަސްޠީން ޢަރަބިންނައި ހަނގުރާމަކޮށް މުސްލިމުން މަރާލެއް މަދުކަމުން، އޭގެ ތެރެއިން ވަކިވެގެންދިޔަ ބައިގަނޑެއް އުފެއްދި ޖަމާޢަތަކީ އިރްގޫން (IRGUN) އެވެ. މިބައި މީހުން، ހައްގާނާއިން ވަކިވެ، ވަކިޓެރަރިސްޓް ޖަމާޢަތެއް އުފައްދަން ޖެހުނީ، ޢަރަބިއަވަށް ތަކުގައި ދިރިއުޅެމުންގެންދާ ފަލަސްޠީންގެ އަހްލުވެރި މުސްލިމުން ގެދޮރުން ނެރެލާއި މަރާހުސްކުރާލެއް ލަސްވަމުން ދާތީ، އެކަން އަވަސް ކުރުމުގެ މަޤްޞަދުގައެވެ. ފަޕަސްޠީނުގެ މުސްލިމުން ނެތިކުރުން އަވަސް ކުރުމުގެ ބޭނުމުގައެވެ.

އިރްގޫން:

އިރްގޫން (IRGUN) އެކްޓިވްކޮށް ހަރަކާތްތެރިވީ، 1931 އިން ފެށިގެން، 1948 އަށެވެ. އިސްރާއީލު ދައުލަތެއް ވުޖޫދަށް ގެނައުމުގައި އެންމެ މުޑުދާރު އިންސާނިއްޔަތާ ދެކޮޅު ޖަރީމާތަށް ހިންގީ މިޖަމާޢަތުންނެވެ. މި ޖަމާޢަތުގެ ރަސްމީ ނަމަކީ، “ދަ ނެޝަނަލް މިލިޓްރީ އޯގަނައިޒޭޝަން އިންދަ ލޭންޑް އޮފް އިސްރާއީލް” (THE NATIONAL MILITARY ORGANIZATION IN THE LAND OF ISRAEL) އެވެ. މިއީ ވެސް ޒައޮނިސްޓް ޕަރަމިލިޓްރީ ޖަމާޢަތެކެވެ.

ސިއްރުން ހިންގާ ހަތިޔާރުއެޅި އިރްހާބީ ޖަމާޢަތެކެވެ. ފަލަސްޠީން ގައި އޮތް އިނގިރޭސި މޭންޑޭޓްގެ ދަށުން މިނިވަންވުމަށް ހަނގުރާމަކުރި ޖަމާޢަތެކެވެ. ޒައޮނިސްޓް ޕަރަމިލިޓަރީ މިޖަމާޢަތް ދުނިޔެއަށް މަޝްހޫރުވެފައި ވަނީ، ކުރިން ދެންނެވި ރަސްމީ ނަމުގެ ގޮތުގައެވެ. 1948 ގައި އިސްރާއީލީ ދައުލަތް ވުޖޫދަށް އައުމުން މިމީހުން ވެގެންދިޔައީ އިސްރާއީލީ ޑިފެންސް ފޯރސް (IDF) ގެ ގޮތުގައެވެ.

ފަހެ، އިރްހާބި މިޖަމާޢަތް އުފެދިގެންއައީ ރެވިސަނިސްޓް ޒައޮނިޒަމް (REVISIONIST ZIONISM) ފިކްރުގެ ޒައޮނިސްޓުންގެ ތެރެއިންނެވެ. މިގްރޫޕްއަކީ، އިސްރާއީލްގެ ލިކުޑް ޕާޓީ (LIKUD PARTY) އުފެއްދުމުގައި ހަރަކާތްތެރިވި ޒައޮނިސްޓުން ނެވެ. މިވިސްނުމާއި އައިޑިއޮލޮޖީގެ މޭސްތިރިއަކީ، އަދި ފައުންޑަރ އަކީ، ޒީވް ޖަބްންޓަންސްކީ (ZEEV JABONTINSKY, 18 OCT 1880 – 4 AUG 1940) އެވެ. މީނާއަކީ ރެވިސަނިސްޓް ޒައޮނިސްޓުންގެ ޒަޢީމްއެވެ. ލީޑަރ އެވެ.

އަދި “ޖުއިޝް ސެލްފް ޑިފެންސް އޯގަނައިޒޭޝަން” ގެ ފައުންޑަރ ވެސް މެއެވެ. މީނާއަކީ، ވަރަށް މުސްލިމުންނާ ދެކޮޅުމީހެކެވެ. ފަލަސްޠީން އިން އަރަބިން މުޅިން ހުސްކޮށްލައި ބޮޑު އިސްރާއިލް ވުޖޫދަށް ގެންނަން ގޮވާލާއި ގަދައަޅާ މަސައްކަތް ކުރަމުންދާ މީހެކެވެ. ރަޝިޔާއަށް އުފަން ޒައޮނިސްޓް އެކެވެ. އަސްލު ޔަހޫދީއެއް ނޫނެވެ. ފޮތުގެ އަހްލުވެރިއެއް ނޫނެވެ.

ޢިބްރާނީ ބަހުން ޒީވް އަކީ، ޢަރަބި ބަހުގެ ޛިއްބު އެވެ. އިނގިރޭސި ބަހުން ވުލްފް އެވެ. ދިވެހިން މިކިޔާ ހިޔަޅު ބުއްދީގެ “ހިޔަޅު” އެކެވެ. ރެވިސަން ފިކްރިއްޔާތުގެ ތެރެއިން ނުކުތް ފިކުރަކީ، ޕްރެކްޓިކަލް ޒައޮނިސްޓުންގެ ފިކުރުއެވެ. ޕްރެކްޓިކަލް ޒައޮނިސްޓް ފިކްރު އުފެއްދި މީހަކީ، މިދެންނެވި ޒީވް އެވެ. ޑޭވިޑް ބިންގޯރިއަން (DAVID BENGURION, 16 OCT 1886 – 1 DEC 1973) އާއި ހައިމް ވައިޒްމަން އަކީ، ޒައޮނިސްޓް މިފިކުރުގެ ލީޑަރުންނެވެ. ޕްރެކްޓިކަލް ޒައޮނިސްޓުން ނެވެ.

އަސްލު ޔަހޫދީންނެއް ނޫނެވެ. ފޮތުގެ އަހްލު ވެރިންނެއް ނޫނެވެ. ޑޭވިޑް ބިންގޯރިއަން އަކީ، އިސްރާއިލް ދައުލަތުގެ ފުރަތަމަ ޕްރައިމިނިސްޓަރ އެވެ. ޢަރަބިން ދެކެ ޒަތީރުޅިވެރި އެކެވެ. ޒާތީ ޙަސަދަވެރި އެކެވެ. ހައްގާނާ އާއި އިރްގޫން މިޖަމާޢަތްތަކާ އެކު، ފަލަސްޠީންގެ ޢަރަބި މުސްލިމުން މަރާއި ސުންނާފަތިކޮށް ހެދި ނުލަފާ މީހެކެވެ. ފަލަސްޠީންގެ ޢަރަބި މުސްލިމުން މަރާހުސް ކުރުމަށް އިސްރާޢީލް ދައުލަތުގެ ފުރަތަމަ ރައީސް ހައިމް ވައިޒްމަން ސިފަކޮށްފައި ވަނީ، “އަމިއްލަބިން ސާފުކުރުން” ކަމަށެވެ.

އާދެ! އިރްގޫން ޖަމާޢަތުގެ ޢަލާމަތަކީ، ލޯގޯއަކީ، މިހާރުގެ ޔަހޫދީ ދައުލަތުގެ ލޯގޯގައި ބޭނުންކުރާ ފަތްކޯނީގެ މަތީގައި އިނގިރޭސި މޭންޑޭޓްގެ ދަށުގައި އޮތް ޓްރާންސް ޖޯރޑަން، ގްރޭޓަރ ސީރިޔާ ދައްކުވައިދޭ ޗާޓާއި އެޗާޓުގެ މަތީގައި މީހެއްގެ އަތެއްގެ ކުޑަހުޅުންމަތި ދައްކުވައި ދީފައިވާ، އެއަތުން ބަޑިއެއް ހިފައިގެންހުއްޓައި ފެންނަގޮތަށް ހުންނަ މަންޒަރެވެ. އަދި ޗާޓުންނެއްޓި މަތީގައި ހިބްރޫބަހުން އިރްގޫން ލިޔެފައި އިންނަ ރަމްޒީ ލޯގޯއެކެވެ. ގޫގުލް ކޮށްލުމުން މިލޯގޯއާއި އެހެނިހެން ފޮޓޯތައް ފެންނާނެއެވެ.

އެމެރިކާގެ ތާރީޚީ ޢިލްމިވެރިއެއް ކަމުގައިވާ، ޕްރޮފެސަރ ހޯވަރޑް މޯލީ ސެޗަރ (HOWARD MORLEY SACHER, 28 FEB 1928 – —-) ބުނާގޮތުގައި އިރްގޫންގެ ޕޮލިސީ ބިނާވެފައި އޮންނަނީ، ރެވިސަނިސްޓް ޒައޮނިޒަމްގެ ފައުންޑަރ ޒީވް ޖެބްންޓަންސްކީގެ ފިކުރިއްޔާތުގެ މައްޗަށެވެ.

އެއީ، “ކޮންމެ އަމިއްލަ ޔަހޫދީއަކަށް ފަލަސްޠީން އަށް އަރައި ވަޒަންވެރިވުމުގެ ޙައްޤު އޮންނަން ވާނެއެވެ. ބޭނުމީ ޢަރަބިންގެ ފަރާތުން ހަމައެކަނި ބަދަލު ހިފުމެވެ. ބޭނުމީ ހަމައެކަނި، ޖުއިޝް އަރމަޑް ފޯރސަސް، ޖުއިޝް ދައުލަތުގެ ޔަޤީންކަން ދިނުމެވެ.”

ފަހެ، އިރްގޫން އިރްހާބީ ޖަމާޢަތް ދުނިޔެއަށް މަޝްހޫރުވެ އެނގިގެން ގޮސްފައި ވަނީ، 22 ޖުލައި 1946 ގައި ޤުދުސް ސިޓީގެ “ބޮމިންގް އޮފްދަ ކިންގް ޑޭވިޑްހޮޓަލް” (BOMBING OF THE KING DAVID HOTEL) ގެ ހާދިސާއިންނެވެ. އަދި، 9 އެޕްރީލް 1948 ގައި ދެއިރް ޔާސީންގެ ކަތިލުން (DEIR YASSIN MASSACRE) މިޤަތުލްޢާންމުގައި ޒައޮނިސްޓް އިރްހާބީ ޖަމާއަތެއް ކަމުގައިވާ ލެހި ޖަމާޢަތުގެ ފަރާތުން ހިންގި ވަޙްޝީ ހަމަލާތަކާއި ކަތިލުންތަކުންނެވެ.

މިއީ އިނގިރޭސި މޭންޑޭޓްގެ ދަށުން ނުކުމެ އަމިއްލަ މިނިވަން އިސްރާއީލީ ދައުލަތެއް ބިނާކުރުކުރުމުގެ ބޭނުމުގައި ކުރަމުން ގެންދާ ދާޚިލީ ހަނގުރާމަ އެކެވެ. ހައްގާނާ ޖަމާޢަތުން ޤުދުސްގައި ހުންނަ ކިންގްޑޭވިޑް ހޮޓާ ގޮއްވާލުމަކީ، މުޤައްދަސް ޤުދުސް ބިމުގައި ހިންގުނު އެންމެފުރަތަމަ ޓެރަރިސްޓް ހަމަލާއެވެ. ޖެނެރަލް އެލަންބީ އާއި އަދި އޭގެކުރިން ޤުދުސް ހިފުމަށް އެރި މީހުން ޤުދުސްގައި މިކަހަލަ ޓެރަރިސްޓް ވަޙްޝީ ގޮއްވުމެއް ގޮއްވާލާ ހަދާފައެއް ނެތެވެ.

ފަހެ، މިއީ ޓެރަރިޒަމްގެ މިބާވަތުގެ ފެށުމެވެ. 5 ތަރީގެ މިހޮޓާ ގޮއްވާލުމުން، 91 މީހަކު މަރުވެ، 45 މީހުންނަށް އެކިގެއްލުންތައް ވިއެވެ. މަރުވި މީހުންގެ ތެރޭގައި ގިނައީ އިނގިރޭސިންނެވެ. މަދުން ޒައޮނިސްޓް ޔަހޫދީން ވެސް ހިމެނުނެވެ. ޒައޮނިސްޓުން ބޭނުންވާ ކަމެއް ކުރަން ވީމާ އެމީހުންގެ މީހުން މަރުވިޔަސް ހެޔޮކަމަށް ދެކި އެކަމެއް ތަންފީޛުކުރެއެވެ. އަމިއްލަ ނަސްލުގެ މީހުން މަރާފައި ވެސް މަޤްޞަދު ޙާޞިލްކުރެއެވެ.

ދެއިރް ޔާސީންގެ ކަތިލުން:

ދެއިރް ޔާސީން (DEIR YASSINE) އަކީ ފަލަސްޠީންގައި ޤުދުސްއާ ކައިރީގައި އޮންނަ އަވަށެކެވެ. ދެއިރް ޔާސީން އަށް، ޒައޮނިސްޓް އިރްހާބީ ޖަމާޢަތެއް ކަމުގައިވާ، ލެހި ޖަމާޢަތުގެ ހަނގުރާމަ ވެރިންނާއި ހައްގާނާ ޖަމާޢަތުގެ ހަނގުރާމަ ވެރިން އެރީ، އެކަތިލުން ހިންގި ދުވަހުގެ ހެދުނުއެވެ. ހުރިހާ ފިރިހެންވެރިން ދަނޑުގޮވާން ކުރުމަށް އަވަށުން ބޭރަށް ނުކުތުމުންނެވެ.

ހަވީރު ފިރިހެނުންތައް ދަނޑުތަކުން އެނބުރިއައި އިރު ހުރިހާގެއެއްގެ ތެރެގައި ތިބި އަންހެންވެރިންނާއި މުސްކުޅިންނާއި ކުޑަކުދިންތައް ވަނީ މަރާލާފައެވެ. ކަތިލައި ނިންމާފައެވެ. އަތްފައިބުރިކޮށް ހަދާފައެވެ. ކުދިކުދިކޮށް ކޮށާލައި ހަދާފައެވެ. ބޭނުންކުރަން ހުރި ފެންގަނޑު ގަނޑަށާއި ވަޅުތަކަށް ހުރީ، ޖެއްސުން ކުރުމުގެ ގޮތުން ހަށިގަނޑުތަކާއި އެކިބައިތައް އުކާހަދާފައެވެ.

މުޅި އަވަށް ވަނީ ލެއިންތަތްތެޅި ފައެވެ. ފަލަސްޠީންގެ މުސްލިމުން މަރާހުސް ކުރުމަކީ، މިޖަމާޢަތްތަކުގެ ޢަޒުމް އެވެ. މިޙަމަލާއަށް ފަހު، އެޖަމާއަތުން އާންމުކުރި މެސެޖް އަކީ، ” ދެއިރް ޔާސީން އިން، މިފެންނަނީ އެހެން ޢަރަބި އަވަށްތަކުން ފެންނަމުންދާނެ ކަންތަކެވެ.”

ފަހެ، މިދައްކާލެވުނީ އެހެން އަވަށްތަކުގައި ކަންކުރާނެ ގޮތުގެ ކޮޕީއެކެވެ. ރީތި މީސާލެކެވެ. ފަހުން އިސްރާއީލްގެ ފުރަތަމަ ބޮޑުވަޒީރަށްވި، ހައިމް ވައިޒްމަން މިކަތިލުން އިޢުލާނުކޮށް ސިފަކުރީ، “މިއީ ޢަޖައިބެއް ފަދަގޮތަކަށް އަމިއްލަ ބިން ސާފުކުރުމެވެ.” މިފަދައިން ބުނެ އަންގަމުންނެވެ. މުސްލިމުން ފަލަސްޠީނުގައި ކަތިލަން ވީމާ، މިވަނީ އަމިއްލަ ބިން ސާފުކުރުމަށެވެ.

ޔަހޫދީން ޖަރުމަނުގައި ކަތިލާއި މެރުމުން މިވަނީ، ހޮލޮކާސްޓް އަށެވެ. ނުވަތަ މާހަމްދަރުދީ ވާންޖެހޭ ކަމަކަށެވެ. ޕްރާސް އާއި ރަޝިޔާ ތަންތަނުގައި ވެސް މަރާލެވުނު ޔަހޫދީންނަށް އެކިއެކިރީތި ނަންތައް ކިޔާއި ހަމްދަރުދީ އުފެއްދިއެވެ. މުސްލިމުން މަރާހުސްކުރަން ޖެހެނީ، އަމިއްލަވަޒަން ސާފުކުރުގެ ބޭނުމުގައެވެ. އިންސާނުންނަށް ލައްވާފައިވާ ލަދުގެ ކަންފުޅެއްހާ ހިސާބު ވެސް ނެތެވެ.

ފަހެ، މިޙަމަލާތައް ދެވުނުއިރު، އިރްގޫންގެ ލީޑަރ އަކަށް ހުރީ، ފަހުން އިސްރާއީލީ ދައުލަތުގެ، 6 ވަނަ ބޮޑުވަޒީރު ކަމަށް އައި، މިނައިހެމް ބެއިގިން (MENACHEM BEGIN, 16  AUG 1919 – 9 MAR 1992) އެވެ. މީނާއަކީ އޭރު ވެސް، އަދި ފަހުން ވެސް މުސްލިމުން ކަތިލަމުން ގެންދިޔަ ދައްޖާލެކޭ ބުނެވޭވަރުގެ ނުލަފާ އިންސާނެކެވެ.

އަދި މީނާއަކީ، ލިކުޑްޕާޓީގެ ބާނީއެވެ. އޮފީހުގައި ރަސްމީކޮށް އިންނެވީ، 21 ޖޫން 1977 އިން ފެށިގެން، 18 އޮކްޓޯބަރ 1983 އަށެވެ. ދެއިރް ޔާސީން އަށް ދެވުނު ޙަމަލާއަކީ، ވަރަށް ރާވައިގެން އިރްގޫން އާއި ލެހި ޖަމާޢަތުގެ މީހުން އެކުގައި ތަންޒީމް ވެގެން ތަންފީޒުކުރި ޤަތުލްއާންމު އެކެވެ. ގޫގުލްކޮށް ލެއްވުމުން ފޮޓޯތަކާއި މިޖަމާއަތުން ނެރުނު ބަޔާނާއި އިތުރު މަޢްލޫމާތު ލިބިވަޑައި ގަންނަވާނެ އެވެ.

އާދެ! އެއަވަށުގައި ޙަމަލާ ނިންމާލިއިރު ފުރާނަހުރި އެއްވެސް މީހަކުވެސް، އަދި ޖަނަވާރެއް ވެސް ނެތެވެ. ހުރިހާ އިންސާނުން ތަކާއި ޖަނަވާރުތައް މަރައި ސުންނާފަތިކޮށް ނިންމާލީއެވެ. އިރްގޫން އާއި ލެހި ޖަމާޢަތުން ނެރުނު ބަޔާނުގައި ބުނާގޮތުން، 254 މީހުން މަރުވިއެވެ. އެހެނަސް މިއީ ދޮގެކެވެ. ގިނަވެގެން، އެއްހާސް މީހުން މަރާލިއެވެ. ބައެއް މުއައްރިޚުން، 800 އާއި 1000 އައި ދެމެދު ގައި ޢަދަދުކުރެއެވެ.

މީގެ ތެރޭގައި މިނައިހެމް ބެއިގިންގެ ބައޮގްރަފީ ލިޔުއްވި، އެރިކް ސިލްވަރ ހިމެނެއެވެ. މިޤަތުލްއާންމު ހިންގުމުގައި އިރްގޫންއާއި ލެހި ޖަމާޢަތުން، 120 ހަނގުރާމަވެރިން ޢަމަލީގޮތުން ބައިވެރިވިއެވެ. 80 މީހުން އިރްގޫން ޖަމާއަތުންނެވެ. އަދި، 40 މީހުން ލެހި ޖަމާޢަތުންނެވެ.

ފަހެ، މިކަމާގުޅިގެން ހިތާމަފާޅުކޮށް ޖުއިޝް އެޖެންސީ ފޯރ އިސްރާއީލް އިން އޭރުގެ ޓްރާންސް ޖޯރޑަންގެ ރަސްގެފާނު، ޢަބްދުﷲ އެކެއްގެ އަރިހަށް މަޢާފްއަށް އެދި ސިޓީއެއް ފޮނުވިއެވެ. އެހެނަސް އެރަސްގެފާނު، އެސިޓީ ބަލައިގަނެވުނު ސިޓިއަކަށް ނުހައްދަވައެވެ. އެކަމާ ދެކެވަޑައިގަތީ ނުރުހުމުގެ ނަޒަރުންނެވެ. ސިޓީ ރައްދުކުރެއްވީއެވެ.

އިސްރާއީލީ ދައްލަތް އުފެދުމުގެ ކުރިންވެސް މިފަދަ ވަޙްޝީޙަމަލާތައް ޒައޮނިސްޓް އިރްހާބީ މިފަދަ ޖަމާޢަތް ތަކުން ދެމުންގެން ދިޔައެވެ. އަދި މިހާރުވެސް އިސްރާއީލީ ދައްލަތުގެ ޢަސްކަރީން (އައިޑީއެފް) އިން މިފަދަ ވަޙްޝީޙަމަލާތައް ފަލަސްޠީންގެ މުސްލިމުންނަށް ދަނީ ދެމުންނެވެ. އަދި މަތިން ޖައްވުތެރެއިން ޙަމަލާތައް އޮއްސަމުން ގެންދެއެވެ. މިކަމާ އަޅާލާނެ ޢަރަބި ޤައުމެއް ނެތެވެ.

މިއަދު މިހާރުވެސް ގެންދަނީ ޙަމަލާތައް ދެމުންނެވެ. ފަލަސްޠީންގެ ޢަރަބި މުސްލިމުން މަރާހުސް ކުރަނީއެވެ. އިސްލާމީ މަދު ޤައްމަކުން ބުނާ އެއްޗަކީ މާބޮޑު އަސަރެއްކުރާ ކަމަކަށް ނުވެއެވެ. އެމެރިކާ އާއި ބައިނަލް އަޤްވާމީ ޖަމާޢަތް އޮތީ، ވާގިވެރިވާ ފަރާތެއްގެ ގޮތުގައެވެ. މިއަދު މުސްލިމުންނަށް އޮތީ، ﷲ ޙަޞްރަތުން އިޚްލާޞްތެރި ދުޢާ ދެންނެވުމެވެ. އެނޫންކަމެއް ކުރެވޭކަށް އަދިއެއް ނެތެވެ. ދުޢާއަކީ މުއްމިނުންގެ ހަތިޔާރެވެ. އެންމެހައި މުސްލިމުންނަށް އޮތީ، ފަލަސްޠީން ރައްޔިތުންނަށް ވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށް ދިނުމެވެ. ދެން އަޅުގަނޑު ބަލާލާނީ، ލެހި ޖަމާޢަތަށެވެ.

ލެހި:

ލެހި (LEHI) މިޖަމާޢަތަކީ ވެސް ފަލަސްޠީން އިންގިރޭސި މޭންޑޭޓްގެ ދަށުގައި އޮތްއިރުގެ، ހަތިޔާރު އެޅި ޢަސްކަރީ އަންޑަރގްރައުންޑް އިރްހަބީ ޖަމާއަތެކެވެ. އިރްގޫން ޖަމާޢަތުން ކަފިވެގެން ބައިވި ޖަމާޢަތެކެވެ. މިޖަމާޢަތް މަޝްހޫރު ވެފައިވަނީ، “ފައިޓަރސް ފޯރދި ފްރީޑޮމް އޮފް އިސްރާއީލް” ނަމުގައެވެ.

ފަހެ، މިއީ ފަލަސްޠީން ތެރޭގައި ޒައޮނިސްޓް ޔަހޫދީން އުފައްދައިގެން ގެންގުޅޭ ގޭންގްތަކެވެ. ޢަރބި މުސްލިމް އަވަށްތައް ނެތިކޮށް ލުމުގައި އެންމެ ވަޙްޝީކޮށް ހަރަކާތްތެރި ވަނީ، މިޖަމާޢަތް ތަކުންނެވެ. ރަސްމީކޮށް، ލެހި ޖަމާއަތް އުފެދުނުކަން ޢާންމުކޮށް ހާމަކުރީ، 1940 ގައެވެ.

ފަހެ، ދެވަނަބޮޑު ހަނގުރާމައިގެ ދުވަސްވަރުގައި އިނގިރޭސިންނާ ދެކޮޅަށް ހަނގުރާމަކޮށް ވަރަށްގިނަ ޙަމަލާތައްދީ، އިނގިރޭސި ސިފައިންނާއި ބައެއް އިސްވެރިން މަރާއި އިނގިރޭސި ސިފައިންނާއި ފުލުހުންގެ ގެ ހަތިޔާރުތައް ވަގަށްނަގައި މިޖަމާއަތްތަކުން ހެދިއެވެ. މިޖަމާއަތް ވުޖޫދަށް ގެނެސް އިންތިޒާމްކުރީ އިރްގޫން ޖަމާޢަތުގެ އިސްމެންބަރެއްގެ ގޮތުގައި އުޅުނު، އަވްރަހަމްސްޓަރން (AVRAHAM STERN, 23 DEC 1907 – 12 FEB 1942) އެވެ. މީނާ މަޝްހޫރުވެފައި ވަނީ، “ސްޓަރން ގޭންގް” ގެނަމުންނެވެ. މީނާގެ ވަނަމަކީ، ޔާސިރުއެވެ. މީނާއަކީ ވެސް އަސްލު ޔަހޫދީއެއް ނޫނެވެ. އަމިއްލައަށް ޔަހޫދީއަކަށް ވެގަނެގެން އުޅޭ ޕޮލޭންޑުގެ ރައްޔިތެކެވެ. ފަލަސްޠީން އަށް ހިޖްރަކުރި މީހުންގެ މީހެކެވެ.

ލެހި ޖަމާޢަތުގެ ރަމްޒު ނުވަތަ ލޯގޯއަކީ، ދެއިނގިލި ތެދުކޮށް ހުޅުވާފައި އަނެއްދެ އިނގިލި ލައްޕާފައި ބޮޑުވައި އިނގިލި މަޅާފައި އިންދެއިނގިލި ކައިރިޔަށް ވާގޮތަށް މަޅާލާފައި އިންނަ ކަނާއަތުގެ އަތްތިލަ އެކެވެ. އެއަތްތިލާއިގެ ދަށުގައި ޖެހިގެންވާ ގޮތަށް ބޭންޑެއްގެ ތެރޭގައި ހިބްރޫބަހުން ލެހި ލިޔެފައި އިންނަ ރަމްޒެކެވެ. ދިދައަކީ ހުދުފޮތި ގަނޑެއްގެ މެދުގައި ނޫކުލައިން މިލޯގޯ ޖެހާފައި އިނުމެވެ.

ސްޓަރން ގޭންގް މަރާލީ، އިނގިރޭސި ސިފައިން އޭނާ ހޯދުމަށް އިޢްލާންކޮށް އޭނާގެ ބޮލަށް ފައިސާގެ މިންވަރެއް ކަނޑައަޅާފައި ވަނިކޮށެވެ. އަދި އޭނާ އެއްގެއިން އަނެއްގެއަށް، އެއްފުލެޓުން އަނެއްފުލެޓަށް ބަދަލުވެ ފިލައިގެން އުޅެނިކޮށް ބަޑިޖަހައިގެން، 12 ފެބްރުއަރީ 1942 ވަނަ ދުވަހުއެވެ.

އިރްގޫން ވުޖޫދަށް ގެނެވުނީ، ހައްގާނާއިން މުސްލިމުންނާ ދެކޮޅަށް ކުރަންޖެހޭ ކަންތައް، މާސްކަތިލުންތައް ކުރަމުން ދާލެއް ލަސްކަމުން އެކަން ހަމައަކަށް އަޅުވައި ރަނގަޅު ކުރުމުގެ މަޤްޞަދުގައެވެ. ދެއިރް ޔާސީން ކަތިލުމުން އެދެއްކި ނަމޫނާއައި އެއްގޮތަށް ފަލަސްޠީންގެ ޢަރަބި އަވަށްތައް ހުސްކޮށް ވީހާއަވަހަށް، ފަލަސްޠީން ގައި މިނިވަން ދައްލަތެއް ޤައިމުކޮށް އެދައްލަތް ބޮޑު އިސްލާއީލަށް ހެދުމަށެވެ.

މީގައި ޢަޖައިބު ވާންޖެހެނީ، އިސްރާއީލުގެ ޙައްޤުތަކޭ ކިޔައިގެން ވާހަކަދައްކާ ފަރާތްތަކަށް، އަދި ވެސް އިސްލާއީލުގެ ރަސްމީ ޙުދޫދު ކަށަވަރު ނުކުރެވޭތީއެވެ. ޒައޮނިސްޓް ޔަހޫދީ ދައްލަތުގެ ޙުދޫދް ރަސްމީކޮށް އިނގޭރަސްމީ ފަރާތެއް އަދިވެސް ނެތެވެ.

ލީގް އޮފް ނޭޝަންސް އާއި ޔުނައިޓެޑް އޮފް ނޭޝަންސް އިން ފާސްކުރި ޤަރާރުތައް ހުރީ، ހުރިތަނެއް ގައި ވަޅުޖެހި ފަސް އެޅިފައެވެ. ޒައޮނިސްޓް ޔަހޫދީން ހަދަމުންދާ ގޮތްތައް ދަނީ، ހުއްޓުމެއް ނެތި ކުރިއަށެވެ. ބޮޑެތި ޤައްމުތަކުން ދަނީ ފާޅުގައި ރުހުން ދެމުންނެވެ.

ފަލަސްޠީން ތެރޭގައި އިރްހާބީ ޢަމަލުތައް ހިންގަމުން ގެންދާ ޖަމާޢަތް ތަކަކީ، ޔޫރަޕްގެ އެތަންމިތަނުން ފަލަސްޠީން އަށް ހިޖްރަކޮށް، އެބިމަށް އެރިފަރާތްތަކެވެ. މިފަދަ ޓެރަރިސްޓް ޖަމާޢަތްތައް އަރަބިންނާ ދެކޮޅަށް އުފެއްދީ، އަލިއްޔާ ތަކުގައި ފަލަސްޠީން އަށް ހިޖްރަކުރި މީހުންނެވެ.

ފަހެ، މިހާރު މިޙަމަލާތައް ހިންގަނީ ރަސްމީކޮށް އިސްރާއީލްގެ ޑިފެންސް ފޯރސް (އައިޑީއެފް) އިންނެވެ. ޓެރަރިސްޓް ޖަމާޢަތްތަކުގައި ހަރަކާތްތެރި ވަމުންދިޔަ އެންމެން އިސްރާއީލީ ދައްލަތް އުފެދުމުން އައިޑީއެފް އަށް ބަދަލުކުރީއެވެ.

ފަހެ، އިރްހާބީ މިޖަމާޢަތް ތަކުގައި ހިމެނުނު މީހުންނަކީ، ޕްރޮފެސަރުން ނާއި ޕައިލެޓުންނާއި ހަތިޔާރު ފަރުމާކުރަން ދަންނަ މީހުންނާއި ލީޑަރޝިޕް އުގެނިގެންތިބި އުސްތާޒުންނާއި މޮޅަށް ޢަސްކަރީ ތަމްރީންތައް ހަދާފައިވާ ކުޅަދާނަ މީހުންނެވެ. މިމީހުންގެ ފޮތްތަކާއި ލިޔުންތައް ލިޔެފައި އެބަހުއްޓެވެ. “ދަގަން” ކިޔާ، 240 ޞަފްޙާގެ ފޮތެއް މީގެތެރެއިން އިސްމީހެއް ކަމުގައިވާ، ޑޭވިޑްރެއިޒަލް (DAVID RAZIEL, 19 DEC 1910 – 20 MAY 1941) ލިޔުއްވާފައި ވެއެވެ.

އަދި “ދަ ކޮންޕައިލްޑް އެންޑް އެކްސްޕެންޑަޑް ގައިޑްޓު ޑްރިލް އެކްސަސައިޒަސް” މިފޮތްވެސް މީނާ ލިޔުއްވާފައި ވެއެވެ. މިއީ، 284 ޞަފްޙަގެ ފޮތެކެވެ. ކަމާގުޅޭ ޢިލްމީ ތިއޮރީތައް ހިމަނާފައި ވެއެވެ. މުސްލިމް ކިޔަވާ ކުދިން މިފޮތްތައް ހޯދައި ކިޔާލުން ވަރަށް ބޭނުމެވެ.

އާދެ! މީނާއަކީ ބްރިޓިޝް މޭންޑޭޓްގެ ދަށުގައި ފަލަސްޠީން އޮތްއިރު ކުރެވުނު، ޒައޮނިސްޓް ޔަހޫދީ އަންޑަރގްރައުންޑް ހަނގުރާމައިގެ ބައްޕައެވެ. ރަޝިޔާ ދަރިކޮޅުގެ ރަޝިޔަން އެންޕަޔަރ ދަށުގައިއޮތް އަވަށަކަށް އުފަން މީހެކެވެ. އަސްލުޔަހޫދީއެއް ނޫނެވެ. އެއްވަނަ ދަރަޖައިގެ ޒައޮނިސްޓެކެވެ. އިރްގޫން ޖެރޫސަލަމް ގޮފީގެ ކޮމާންޑަރ އިންޗީފްއެވެ. ޢަރަބިންނާ ދެކޮޅަށް އާންމު ތަންތަނަށާއި ބާޒާރުތަކަށް ޙަމަލާތައް ދެވުނީ މީނާގެ ވެރިކަމުގެ ދަށުގައި އިރްގޫން އޮތްދުވަސް ވަރުގައެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމެންދެން އިރްހާބީ މިގްރޫޕްތަކުން ވަގަށް ހަތިޔާރު ފަލަސްޠީން އަށް އެތެރެކޮށް އެހަތިޔާރުތައް މޮޑިފައިކޮށް ހަދައިގެން މުސްލިމުންނާ ދެކޮޅަށް ބޭނުންހިފަމުން ގެންދިޔައެވެ. އަދި ވިއްކާވެސް ހެދިއެވެ. ވަގަށް ހަތިޔާރު އެތެރެކުރަނީ ޔޫރަޕްގެ ޤައްމުތަކުންނެވެ. ޚާއްޞަކޮށް އިޓަލީންނާއި ޕޮލޭންޑުންނާއި ޗޮކްސްލޭވާކިޔާ ފަދަ ތަންތަނުން، ފަލަސްޠީން އަށް ހަތިޔާރު ސްމަގްލް ކުރަމުން ގެންދިޔައެވެ.

އެމެރިކާއިން ނާއި ރަޝިޔާއިން ހިލޭދެމުންދިޔަ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެސް ދެގުނައަށް ބާރުގަދަކޮށް އެހެން ވަސީލަތްތައް އެއުޅަދު ފަހަރުގައި ބޭނުންކުރެވޭ ގޮތްތަކަށް މޮޑިފައިކޮށް ހަދައިގެން ބޭނުން ހިފަމުން ގެންދިޔައެވެ. އަދި އެބޯޓުތައް ފަހުން އެމެރިކާއަށް ބޮޑު އަގުގައި ވިއްކާ ހަދާފައި އެބަހުއްޓެވެ.

އެމެރިކާއިން ހިލޭދޭ، އެފް16 ގެ ބޯޓުފަހަރަށް މިފަދަ ބަދަލުތައް ގެނެސްހަދާފައި އެބަހުއްޓެވެ. ފެހެ، ފަލަސްޠީން އަށް ހިޖްރަ ކުރަމުން ގެންދިޔަ އަލިއްޔާ ޔަކުގެ ގްރޫޕްތަކުގައި ތިބީ ވަރަށް ފުންނާބު އުސް ހުނަރުވެރި ފަންނީ މާހިރުންނެވެ. ފަލްސަވާވެރި އުސްތާޒުންނެވެ.

މިޖަމާއަތްތަކުން ޖެރޫސަލަމް ގައި ވޯކްޝޮޕްތައް އުފައްދާއި ހަތިޔާރުގެ ސްޕެއަރޕާރޓްސް އުފައްދާއި ލޭންޑްމައިންސް އާއި ހޭންޑްގްރެނޭޑް ފަދަ ތަކެތި އުފައްދައި ބޭނުންކުރަން ފެށީއެވެ. އަދި މީގެ އިތުރުން، އިނގިރޭސި ފުލުހުންނާއި ސިފައިންގެ އަތުން އަސްކަރީ ހަތިޔާރުތައް ވަގަށް ނަގާއި ފޭރިގަނެ އެހަތިޔާރު ތަކަށް ބަދަލުގެނެސް ބޭނުންކޮށް ހަދަމުން ގެންދިޔައެވެ.

އަދި ޓްރޭނިންގް ކޭންޕްތައް، 1930 ގައި އުފައްދާއި އެތަންތަނުން ގިނަ ޓެރަރިސްޓުން ތަކަކަށް ތަންރީންދީ ދަސްކޮށްދީ ހަދަމުން ގެންދިޔައެވެ. އަންހެނުންނާއި ފިރިހެނުންގެ ޓްރޭނިން ކޭންޕްތައް ހަރަކާތްތެރި ކުރުވިއެވެ. ޔަހޫދީންނަކީ ޢަސްކަރީ ކަންކަމުގައި އަންހެނުންގެ ބޭނުން އިންތިހާއަށް ހިފާބައެކެވެ. ޖާސޫސުކުރުގައި ވެސް އިސްކޮށް ގެންގުޅެނީ ބަލައިލަންރީތި އަންހެން ކަނބަލުންނެވެ.

އާދެ! ފަލަސްޠީން ތެރޭގައި ޒައޮނިސްޓް ބިރުވެރި، ޓެރަރ ޖަމާޢަތްތަކުން ދާހިލީ ހަނގުރާމަ މިހާގަދަ ކުރަން ޖެހުނީ، ބަލްފޯރ ވަޢްދުގެ ދަށުން ލީގް އޮފް ނޭޝަންސް އިން ޒައޮނިސްޓުން ނަށް ދޭންބުނި މިނިވަން ދައްލަތް ނުދީ އިނގިރޭސިންގެ އިދާރީ ބެލެހެއްޓުމުގެ ދަށުގައި އެބިން ޓަރާންސް ޖޯރޑަން ގެނަމުގައި ބަލަހައްޓަމުން ގެންދާތީ އެވެ.

މިކަން މިހެންއޮތުމާއި ފަލަސްޠީން ޢަރަބި މުސްލިމުންގެ ފަރާތުން، ފަލަސްޠީން އަށް ޒައޮނިސްޓް ޔަހޫދީން ހިޖްރަކުރަމުން ދާލެއް އާދަޔާޚިލާފަށް ގިނަކަމުން، އެކަންތައް އިނގިރޭސިން ނަށް ހުށައެޅުމުން އެކަމާ ގުޅިގެން އިނގިރޭސިން އަލިއްޔާތައް އައުން ހުއްޓުވާއި ކޮންޓްރޯލް ކުރުމަށް ބައެއް ފިޔަވަޅުތައް އެޅުމުންނެވެ.

ފަހެ، މިދުވަސްވަރަކީ، ހިޓްލަރ ޖަރުމަނުގެ ވެރިކަމަށް އެރުމުން ގިނަ ޢަދަދެއްގެ މީހުން ޔަހޫދީންނަށް ވެގެން އެކިދިމަ ދިމައިން ފުރައިގެން ފަލަސްޠީންއާ ދިމާއަށް ދަތުރުހަދާއި ހިޖްރަކުރަމުން ދިޔަދުވަސް ވަރެވެ. އިނގިރޭސިންގެ ރަސްމީ ބޯހިމެނުން ދައްކާގޮތުގައި، 1933 ވަނަ އަހަރުގައި، 30000 (ތިރީސްހާސް) ޔަހޫދީން ފަލަސްޠީން އަށް ހިޖްރަކުރިއެވެ.

އަދި، 1934 ވަނަ އަހަރުގައި، 42000 (ސާޅީސް ދެހާސް) ޔަހޫދީން ފަލަސްޠީން އަށް ހިޖްރަކުރިއެވެ. އަދި، 1935 ވަނަ އަހަރުގައި، 61000 (ފަސްދޮޅަސް އެއްހާސް) ޔަހޫދީން ފަލަސްޠީން އަށް ހިޖްރްކުރިއެވެ. މިހާބާރު ސްޕީޑެއްގައި އަލިއްޔާތައް އިތުރުވަމުން ގޮސް ޢަދަދު މައްޗަށް ދާލެއް އަވަސްކަމުން، މިކަމާ ކަންބޮޑުވުން ފާޅުކޮށް ފަލަސްޠީންގެ ޢަރަބިން، އިނގިރޭސިންނަށް ޝަކުވާގެ މައްސަލަތައް ހުށަހެޅުމުން، އިނގިރޭސިން އެޅިފިޔަވަޅަކީ، ހިޖްރަކުރުމުގެ މިއަލިއްޔާތައް މިގޮތަށް ހައްދެއްނެރި އައުން މަދުކުރުމަށް ވަކިމިންގަނޑު ތަކެއްކަނޑައަޅާއި ލިމިޓްކުރުމަށް ނިންމީއެވެ.

އެކަމާ ހައްގާނާ އާއި އިރްގޫން އާއި ލެހި ފަދަ ޖަމާޢަތްތަކުން އިންތިހާއަށް ރުޅިގަދަވެ، އިނގިރޭސިންނާ ދެކޮޅުހެދުމުގެ ދާޚިލީ ހަނގުރާމައެއް ފަށައި ފާޅުކޮށާއި ސިއްރުގައި ހަރަކާތްތައް ވަރުގަދަ ކުރީއެވެ. އަދި ޢަރަބި ފަލަސްޠީން އަވަށް ތަކަށް އެކަމުގެ ނުރުހުން ފާޅުކޮށް ވަޙްޝީޙަމަލާތައް ފާޅުކޮށާއި ސިއްރުގައި ދޭންފެށީއެވެ. މިޙަމަލާތައް ވަރުގަދަ ކުރުމުގެ ސަބަކަށް ވެގެން ދިޔައީ، ޢަރަބި ހަނގުރާމައެއް ފަލަސްޠީން ގައި، 1936 އިން ފެށިގެން، 1939 އަށް ފެށި ހޫނުކޮށް ހިނގައި ގަތުމެވެ. ފަލަސްޠީން ގެ ދާއިމީ އަހްލުވެރި މުސްލިމުން އިސްނަގައިގެން ޢަރަބި ހަނގުރާމައެއް ފެށީއެވެ.

ޢަރަބި ހަނގުރާމަ، 1936 – 1939:

މިހަނގުރާމަ އަކީ، ފަލަސްޠީން ގައި ޢަރަބިން ހިންގި ހަނގުރާމަ (1936 – 1939 ARAB REVOLT PALESTINE) އެވެ. މިހަނގުރާމަ ހިންގީ އިނގިރޭސިންގެ އިދާރީ ބެލުމުގެ ދަށުގައި ފަލަސްޠީން އޮތްދުވަސް ވަރު، އަރަބިންނާއި އިނގިރޭސިން ނާއި ޒައޮނިސްޓް ޔަހޫދީންނާ ދެމެދުގައި ފަލަސްޠީން ބިމުގައި ކުރެވުނު ހަނގުރާމަ އެއްގެ ގޮތުގައެވެ. ފަލަސްޠީން ކޮޅުގައި ތިބީ، ފަލަސްޠީން ޢަރަބިންނާއި “އަރަބް ހަޔަރ ކޮމެޓީ” އާއި “ސެންޓަރަލް ޖިހާދު އިން ޕަލެސްޓައިން” އެވެ.

ފަހެ، ފަލަސްޠީނުގެ ޢަރަބިންނަކީ، ފަލަސްޠީނު ގައި ޒަމާނުއްސުރެ ވަޒަންވެރިވެތިބި ފަލަސްޠީނު ގައި ދިރިއުޅެމުން ގެންދާ، ފަލަސްޠީންގެ އަހުލުވެރި މުސްލިމު ރައްޔިތުންނެވެ. އަރަބް ހަޔަރ ކޮމެޓީ އަކީ، “އަލްލަޖްނަތުލް ޢަރަބިއްޔަތުލް ޢުލްޔާ” (ޢަރަބިންގެ އެންމެމަތީ ކޮމެޓީ) އެވެ. މިކޮމެޓީ އުފެއްދީ، 25 އެޕްރިލް 1936 ގައި ޤުދުސްގެ މުފްތީ އަލްޙާއްޖު އަމީން އަލްޙުސައިނީ (1974 – 1897) ގެ އިސްނެންގެވުމުގެ މަތީންނެވެ.

މިކޮމެޓީގައި އެންމެ އިސްކޮށް ތިއްބެވީ، އަޙްމަދު ޙިލްމީ ޕާޝާ (1963 – 1883) އާއި ރާބިޣް އަލްނަޝާޝީބީ (1951 – 1881) އެވެ. އިނގިރޭސިން މިކޮމެޓިއެއް ޤަބޫލެއް ނުކުރެއެވެ. އެހެނަސް، 1948 ގައި ހިނގި ޢަރަބި އިސްރާއީލީ ހަނގުރާމަ ފެށެންދެން މިކޮމެޓީ ޢަމަލީ ސިފައެއްގައި މަސައްކަތް ކުރިއެވެ. އަދި ދެމިއޮތެވެ.

އަދި، ސެންޓަރަލް ކޮމެޓީ އޮފް ނެޝަނަލް ޖިހާދު އިން ޕަލަސްޓައިން (CENTRAL COMMITTEE OF NATIONAL JIHAD IN PALESTINE) މިކޮމެޓީއަކީ، ޢަރަބި ހަނގުރާމައިގެ އެންމެވަރުގަދަ ޖިސްމެވެ. ބޮޑީއެވެ. މިކޮމެޓީ އުފެއްދުނީ ހަނގުރާމައިގެ ދެވަނަ މަރްޙަލާގައި ނޮވެންބަރ 1937 ގައެވެ. މިކޮމެޓީގެ މައިމަރްކަޒަކީ، ސޫރިޔާގެ ދަމިޝްޤް އެވެ. އިނގިރޭސިން ވަނީ، މިކޮމެޓީގެ ގިނަލީޑަރުން ފަލަސްޠީން އިން ބޭރުކޮށް ލާފައެވެ.

ފަހެ، މިކޮމެޓީގެ އިސް ލީޑަރ އަކަށް ހުންނެވީ، މުޙައްމަދު ޢިއްޒަތު ދަރޫޒާ (IZZAT DARROAZA, 1888 – 1984) އެވެ. މީނާއަކީ، ލިވާންޓް ސަރަޙައްދުގައި ގްރޭޓަރ ސޫރިޔާ އުފެއްދުމުގެ ޚިޔާލް ގެންގުޅުއްވި ބޭފުޅެކެވެ. އަދި، ޢުޘްމާނީ ޚިލާފަތުގައި އުފެދުނު ޤައްމީ ޖަމާޢަތެއް ކަމުގައިވާ އަލްފަތާތް (ALFATAT) ގެ އިސްބޭފުޅެކެވެ. އަދި ޖަމާލް އަލްޙުސައިނީ (1982 – 1894) އަކީވެސް މިކޮމެޓީގެ އިސް ބޭފުޅެކެވެ. މީނާއަކީ، ފަލަސްޠީން އަށް އުފަން ބޭފުޅެކެވެ.

ފަހެ، އަލްޙުސައިނީ ޢާއިލާއަކީ ވަރަށް ނުފޫޒުގަދަ ފައިސާވެރި އަދި ފަލަސްޠީނު ގައި “ޕަލެސްޓައިން އެރަބް ޕާޓީ” ގެ ފައުންޑަރއެވެ. މިއީ، 1935 ގައި ފަލަސްޠީން ގައި އުފެއްދުނު ސިޔާސީ ޕާޓީއެކެވެ. 1936  – 1939 ޢަރަބި ހަނގުރާމައިގާ މިޢާއިލާއިން ވަރަށް އިސްދައުރެއް އަދާކުރިއެވެ.

އަދި ހަނގުރާމަވެރި ގެރިއްލާ ލީޑަރެއް ކަމުގައިވާ، ޢަބްދުލްޤާދިރް އަލްޙުސައިނީ (ABD al-QADIR al-HUSAYNI, 8 APR 1948 – 1907) އަކީ ވެސް މިކޮމެޓީގެ އިސް ވެރިއެކެވެ. އަދި މިޢަރަބި ހަނގުރާމައިގާ ވަރަށް އިސްރޯލެއް ކުޅުއްވި މުޖާހިދެކެވެ. އަދި ފަލަސްޠީން އަށް އުފަންބޭފުޅެކެވެ. ކެމިސްޓްރީ އިން ގްރެޖުއޭޓް ވެވަޑައިގަތީ ކައިރޯގައި ހުންނަ އެމެރިކަން ޔުނިވަރސިޓީން ނެވެ.

ފަހެ، ޢަރަބި މިހަނގުރާމައިގައި ޢަރަބި މުޖާހިދުންނާ ދެކޮޅަށް ނުކުތީ، ބްރިޓިޝް އަރމީ އާއި ބްރިޓިޝް ޕަލަސްޓައިން ޕޮލިސް ފޯރސް އާއި ޔަހޫދީ ޒައޮނިސްޓް އެކިއެކި އިރްހާބީ ޖަމާޢަތްތަކެވެ. ހައްގާނާ އާއި އިރްގޫން އާއި ލެހި އާއި ޔިޝޫރް (YISHUR) ޖަމާޢަތެވެ. ޙަޤީޤަތުގައި ފުރަތަމަ ފަހަރަށް އެއްވެސް ބެލުމެއްނެތި ޢާންމުންގެ ތަންތަން، ގޮއްވާލަން ފެއްޓި ޓެރަރިސްޓުން ނަކީ، ޒައޮނިޒަމްގެ މިޖަމާޢަތްތަކެވެ. މުސްލިމުންނެއް ނޫނެވެ. މުސްލިމުން ދުނިޔޭގައި ތިބެންޖެހިފައިވާ ގޮތުން އަބަދުވެސް ދިފާޢުގައި ނޫންގޮތަކަށް ޙަމަލާދީފައެއް ނެތެވެ.

ފަހެ، ޢަރަބި މިހަނގުރާމައިގައި، 5000 (ފަސްހާސް) އަރަބިން ޝަހީދުކޮށް ލިއެވެ. އަދި، 15000 (ފަނަރަހާސް) ޢަރަބިންނަށް ބޮޑެތި ޒަކަމްތަކާއެކު އަނިޔާލިބުނެވެ. އަދި، 12622 (ބާރަހާސް ހަސަތޭކަ ބާވީސް) ޢަރަބިން ޑިޓެއިން ކުރެވުނެވެ. 108 މުޖާހިދުން ދަންޖައްސައި މަރާލެވުނެވެ. އަދި އަރަބިންގެ، 5 ބޮޑުން ޤައްމުން ބޭރަށް އަރުވާލެވުނެވެ. ބްރިޓިޝް ސެކިއުރިޓީ ފޯރސްގެ ތެރެއިން، 262 ޓެރަރިސްޓުން މަރާލެވުނެވެ. 550 ޓެރަރިސްޓުން ނަށް ޒަޚަމްވެ އިނިޔާވިއެވެ. 300 ޓެރަރިސްޓުން އަރުވާލެވުނެވެ. އަދި، 4 ޓެރަރިސްޓުން ދަންޖައްސާ ޤަތުލުކުރެވުނެވެ.

އާދެ! މިއީ، ޢަރަބި ހަނގުރާމަ 1936  – 1939 ގެ ކަންތައްގަނޑު ހިނގައި ނިމި ދިޔަ ގޮތެވެ. ވަކިބަޔަކަށް ބޮޑުނަޞްރެއް ލިބުމެއްނެތި، ޢަރަބިންނަށް ބޮޑުގެއްލުންތަކެއް ލިބިގެންދިޔަ ހަނގުރާމަ އެކެވެ. ރަސްމީކޮށް މިހަނގުރާމަ ނިންމާލިޔަސް ވަކިވަކި ޙަމަލާތައް، 1948 ގެ ޢަރަބި އިސްރާއީލް ހަނގުރާމައާ ހަމައަށް ކުރިޔަށް ދިޔައެވެ.

ބްރިޓިޝް މޭންޑޭޓް ފޯރ ޕަލެސްޓައިން:

ފަލަސްޠީނު ގައި އިނގިރޭސި މޭންޑޭޓް ވުޖޫދަށް ގެނައީ ލީގް އޮފް ނޭޝަންސް (LN) އިންނެވެ. ފަލަސްޠީން އާއި ޓްރާންސް ޖޯރޑަން އަށް އެލްއެން އިން ކަނޑައެޅި މެމަރަންޑަމްގެ، 22 ވަނަ މާއްދާއާއި، 7 ވަނަ މާއްދާގައި ބުނާގޮތުން، ކޮންމެ ބަޔަކަށް ވެސް އެބައެއްގެ އަމިއްލަ މިނިވަން ބިމެއް ފަލަސްޓީންގައި އޮންނަން ޖެހެއެވެ.

އެހެނަސް އިނގިރޭސި މޭންޑޭޓްގެ ދަށުން، އިނގިރޭސިން ނާއި އެލްއެން އިން މިބުނާ ބިމަކާއި މިބުނާ މިނިވަންކަމެއް، ޢަރަބިންނަށާއި ޒައޮނިސްޓް ޔަހޫދީންނަށް ވެސް ދީފައެއް ނެތެވެ. ފަލަސްޠީނު ގައި ވެރިކަން ކުރަމުން ގެންދަނީ ސީދާ އިނގިރޭސިން ނެވެ. ޒައޮނިސްޓް ޖަމާޢަތްތަކުން އިނގިރޭސިންނާ ދެކޮޅަށް ގެރިއްލާ ހަނގުރާމައެއް ފެށަން ޖެހުނީ، މިކަމާހެދިއެވެ. އިނގިރޭސިންނާ އެކު ވަޢްދުވި މިނިވަންކަން އަވަހަށް ހޯދުމަށެވެ. އަދި ޢަރަބިންނަށް އެއްވެސް ގޮތަކަށް، ފަލަސްޠީން އިން ޖާގަނުދިނުމަށެވެ.

އާދެ! މިދެންނެވި ޢަރަބި ހަނގުރާމަ ފެށުނީ، ފަލަސްޠީން އަށް ޒައޮނިސްޓް ޔަހޫދީންގެ ހިޖްރަކުރުން އިންތިހާއަށް އިތުރުވެ، ޢަރަބި އަވަށްތަކަށް އިންތިހާއަށް ދުއްތުރާތައް ދިމާކުރުވާއި ކަތިލުންތައް އިތުރުވެ، ޒައޮނިސްޓުން ގަދަބާރުން ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ބިންތައް އިތުރު ކުރަންފެށުމުން ނެވެ.

މިދެންނެވި ޢަރަބި ހަނގުރާމަ ކުރެވުނީ، އިނގިރޭސިން ނާއި ޒައޮނިސްޓް ޔަހޫދީ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށެވެ. ލީގް އޮފް ނޭޝަންސް އިން ނިންމާފައިވާ ގޮތަށް ކޮންމެބަޔަކު ވެސް އެބައެއްގެ ޙައްޤު ބިންހޯދުމަށެވެ. ޢަރަބިންގެ މަޤްޞަދަކީ އެމީހުން ޒަމާނުއްސުރެ ދިރިއުޅެމުން ގެންދިޔަބިން ޙިމާޔަތްކޮށް މިލްކުކުރުމެވެ.

ފަހެ، ފަލަސްޠީން އަށް ހިޖްރަކުރަމުން ދިޔަ، އަލިއްޔާތައް އިންތިހާއަށް ގިނަވުމުން މިމައްސަލަ ފަލަސްޠީނު ޢަރަބިން އިނގިރޭސިން ނަށް ރަސްމީކޮށް ހުށަހެޅީއެވެ. އަދި އެކަމައި ގުޅިގެން އިނގިރެސިން އެޅިފިޔަވަޅުތަކާ ގުޅިގެން، ޒައޮނިސްޓުން ނުރުހުން ފާޅުކޮށް ހަނގުރާމަ ކުރަންފެށީއެވެ. ޒައޮނިސްޓުންގެ މަޤްސަދް އަކީ، އިސްރާއީލް ބިމުގައި ވީހާއަވަހަށް އިސްރާއިލީ ދައްލަތް އުފެއްދުމެވެ. މިގޮތުން މިޖަމާޢަތްތަކުން ހިންގި ބޮޑެތި ބައެއް ޖަރީމާތަކަށް މިހާ ހިސާބުން ބަލައިލަމާތޯއެވެ.

ލޯރޑްމޯއިން ޤަތުލްކޮށް ލުން:

ޒައޮނިސްޓް ޖަމާޢަތެއް ކަމުގައިވާ އިރްގޫން އަށް ނިސްބަތްވާ ލެހި ޓެރަރިސްޓް ޖަމާޢަތުން ހިންގި އެންމެ ބޮޑެތި ޖަރީމާތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ، ލޯރޑްމޯއިން މަރާލުމެވެ.

ފަހެ، ލޯރޑްމޯއިން (LORD MOYNE) އަކީ، އިނގިރޭސި ވިލާތުގެ ވަރަށް ފުންނާބުއުސް ސިޔާސީ ބޭފުޅެކެވެ. ފުރިހަމަ ނަމަކީ (WALTER EDWARD GUINNESS, 1st BARON MOYNE, 29 MAR 1880 – 6 NOV 1944) އެވެ. މީނާއަކީ، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރއެކެވެ. ސެކްރެޓަރީ އޮފް ސްޓޭޓް ފޯރދަ ކޮލޮނީސްގެ މަޤާމުގައި، 8 ފެންރުއަރީ 1941 އިން ފެށިގެން، 22 ފެބްރުއަރީ 1942 ހުންނެވި ބޭފުޅާއެވެ. އަދި، ލީޑަރ އޮފްދަ ހައުސް އޮފް ލޯރޑްސްގެ މަޤާމްވެސް ހަމަ އެމުއްދަތުގައި ފުރުއްވިއެވެ.

އަދި، 1942 އޯގަސްޓް އިން ފެށިގެން، 6 ނޮވެންބަރ 1944 އައި ހަމައަށް، ބްރިޓިޝް މިނިސްޓަރ އޮފް ސްޓޭޓް އިންދަ މިޑްލްއީސްޓްގެ މަޤާމު ފުރުއްވިއެވެ. އެއީ ރަށުން ބޭރުގައި މިޞްރުގައި ހުންނަވާ މިނިސްޓަރ އެއްގެ ގޮތުގައެވެ. މަސައްކަތް ކުރެއްވީ މިޞްރުގެ ވެރިރަށް ޤާހިރާގައި ހުންނަ އިނގިރޭސި އެންބަސީގައެވެ.

ފަލަސްޠީނު ގައި، 1936 – 1939 ޢަރަބި ހަނގުރާމަ ލީޑްކުރަމުން ގެންދިޔަ ލީޑަރ މުޙައްމަދު އަމީން އަލްޙުސައިނީ އަށް ނުފޫޒު ހިންގުން ހަވާލު ކުރެވިފައި ވަނީ ލޯރޑް މޯއިންއާ އެވެ. ޒައޮނިސްޓް ޔަހޫދީ ޓެރަރިސްޓުން މޯއިން ޤަތުލްކޮށްލީ މިމަޤާމްގައި ހުންނަވަނި ކޮށް މިޞްރުގައެވެ.

ލޯރޑް މޯއިން ދެކެ ޔަހޫދީ ޒައޮނިސްޓް ޖަމާޢަތްތަކުން ކުރި ތުހުމަތު ތަކަކީ، ޒައޮނިސްޓް ހަރަކާތްތަކާ ދެކޮޅަށް ޢަރަބިންނަށް ހަމްދަރުދީ ވުމުގެ މައްސަލައެވެ. ލެހި ޓެރަރިސްޓް ޖަމާޢަތުން މަރާލި އެންމެމަތީ ފެންވަރުގެ އިނގިރޭސި އޮފިސަރަކީ، ލޯރޑް މޯއިން އެވެ. މޯއިން އަކީ، ފަލަސްޠީނު ގައި އިނގިރޭސި ޕޮލިސީތައް ތަންފީޒު ކުރަންހުރި މީހާއަށް ވާތީ، ހިޖްރަ ކުރަމުންދިޔަ އަލިއްޔާ ގްރޫޕްތަކުގައި ޔަހޫދިންގެ ޢަދަދު ކޮންޓްރޯލްކޮށް ހިފާއްޓާއި އިމިގްރޭޝަންގެ ކަންތައް ބަލަހައްޓަމުން ގެންދިޔަ ފަރާތެވެ.

ފަލަސްޠީން އަށް ހިޖްރަކުރުން ލިމިޓްކުރި ކުރުމުގެ ދަށުން، 1939 އިން ފެށިގެން ފަލަސްޠީން އަށް އަހަރަކު ހިޖްރަ ކުރެވެނީ އެންމެ، 15000 (ފަނަރަ ހާސް) ޔަހޫދީންނަށެވެ. ލޯރޑް މޯއިން ދެކެ ޒައޮނިސްޓްން ރުޅިގަދަވީ، މިސަބަބު ތަކާ ހެދިއެވެ. ޒައޮނިސްޓް ބިރުވެރި ޖަމާޢަތްތަކުން، ލޯރޑް މޯއިން ދެކެ، އެންމެގަދައަށް ރުޅިއެރިކަމަކީ، ޔަހޫދީންގެ ހިޖްރަ ކުރުން ކޮންޓްރޯލް ކުރުމުންނެވެ. މިމީހުން ދެކުނީ މިކަން މިހިންގަނީ، ލޯރޑް މޯއިން އާ ޢަރަބިންނައި އޮންނަ ހަމްދަރުދީ އެއްގެ ސަބަބުން ކަމަށެވެ. އެހެންވެ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން، ލޯރޑް މޯއިން މަރާލީއެވެ.

އަދި، ފަލަސްޠީން ތެރޭގައި އެތައް ޤަތުލްއާންމެއް ހިންގައި އެތައް ފަލަސްޠީންގެ ޢަރަބި މުސްލިމުންނެއް މަރާލީއެވެ. ޤުދުސްގައި ޓެރަރިސްޓް ޙަރަކާތްތައް ހިންގަންފެށި މީހުންނަކީ، މިގޭންގް ގްރޫޕްތަކުގެ ޒައޮނިސްޓް ޔަހޫދީންނެވެ. ފަލަސްޠީން ޢަރަބި މުސްލިމުން ދޭޙަމަލާ ތަކަކީ އަބަދުވެސް ދިފާޢުވުމަށް ދެމުންދާ އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކަލަށްދޭ ކުދިކުދި ޙަމަލާތަކެވެ.

އަލިއްޔާ ތަކުގެ ހިޖްރަ ކުރުންތައް ލިމިޓްކުރެވުނީ، 1939 ގައި އިނގިރޭސިން ފާސްކުރި ހުދު ކަރުދާހެއްގެ މައްޗަށް ބިނާ ކޮށެވެ. މިކަންތައް ތަންފީޒުކުރުމަށް އިސްކޮށް ހުންނެވީ، ލޯރޑް މޯއިން، 6 ނޮވެންބަރ 1944 ގައި ޒައޮނިސްޓް އިރްހާބީ ޖަމާޢަތެއްގެ ދެމީހުން ވެގެން މަލާލީ މިޞްރުގައެވެ. ވަރަށް ރާވައިގެން ސިއްރު ގޮތެއްގައި ތަންފީޒުކޮށް ނިންމާލި ސިޔާސީ ޤަތުލެކެވެ.

އެހެނަސް އިނގިރޭސިން މިކަންކުރި ދެމީހުން ހޯދުމަށް ފަހު، މިދެމީހުންނާ މެދު ޝަރީޢަތްކޮށް، 11 ޖެނުއަރީ 1945 ގައި ދަންޖެއްސުމަށް ޙުކުމްކޮށް، 22 މަރޗް 1945 ގައި ދަންޖައްސައި މަރާލިއެވެ. ދެން ބަލާލާނީ، 1939 ގައި އިނގިރޭސިން ފާސްކުރި ހުދު ކަރުދާހަށެވެ.

އިނގިރޭސި ހުދުކަރުދާސް 1939:

އިނގިރޭސިންގެ މިޕޮލިސީ ކަރުދާސް އެކުލަވާލީ ސޭންޓް ޕަލަސްގައި ފެބްރުއަރީ 1939 ގައި ބޭއްވުނު، ލަންޑަން ކޮންފަރެންސް ގައެވެ. މިކަރުދާހުގެ މަސައްކަތް ކުރުމުގައި އިސްކޮށް ހުންނެވީ، ޗަންބަރލައިން (ARTHUR NEVILLE CHAMBERLAIN, 18 MAR 1869 – 9 NOV 1940) އެވެ. މީނާއަކީ، އިނގިރޭސި ވިލާތުގައި، 28 މެއި 1937 އިން ފެށިގެން، 10 މެއި 1940 އަށް ޕްރައިމިނިސްޓަރ ކަން ކުރެއްވި ކޮންޒަވޭޓިވް ޕާޓީގެ ބޭފުޅެކެވެ.

މީނާ މިހުދު ކަރުދާހުގެ މަސައްކަތް ކުރެއްވީ، ފަލަސްޠީން ޢަރަބިންގެ ބޮޑުން ލަންޑަނަށް ގެންނަވައި ގެންނެވެ. އެވަފުދު ތެރޭގައި އަލްރަމްލާ (RAMLA) ގެ ވަރަށް އިސް ލީޑަރެއް ކަމުގައިވާ، ޔަޢްޤޫބް އަލްޣުސައިން (YAGUB ALGHUSSEIN, 1899 – 1948) އާއި ޖަމާލް އަލްޙުސައިނީ އާއި ޢައުނީ ޢަބްދުލްހާދީ (1970 – 1889) ހިމެނެއެވެ. ޢައުނީއަކީ، ފަލަސްޠީންގެ ނާބްލަސް (NABLUS) ގެ ސިޔާސީ ވަރަށް އިސް ބޭފުޅެކެވެ. އަދި މީގެ އިތުރުން ވެސް ބައެއް ބޭފުޅުން ބައިވެރި ކުރެއްވިއެވެ.

ފަހެ، މިހުދު ކަރުދާސް ހައުސް އޮފް ކޮމަންސް (HOUSE OF COMMONS) އިން، 23 މަރޗް 1937 ގައި، 286 ވޯޓް 179 ވޯޓުން ފާސްކޮށް ތަންފީޒް ކުރަން ފެށިއެވެ. ތަންފީޒް ކުރުމުގެ ޢަމަލީ މަސައްކަތާ ޙަވާލުވީ މިޞްރުގައި ހުންނެވި އިނގިރޭސި މިނިސްޓަރ ލޯރޑް މޯއިންއާ އެވެ. ޒައޮނިސްޓުން ލޯރޑް މޯއިން މަރާލުމަށް ނިޔަތްގަތީ މިކަމާ ގުޅިގެންނެވެ. އަލިއްޔާ ހިޖްރަ ކުރުންތައް މިކަރުދާހުގެ ދަށުން، ލިމިޓްކޮށް ތަންފީޒް ކުރަމުންދިޔަ މީހާއަށް ވާތީއެވެ.

މިކަރުދާސް ބުނާގޮތުން، 10 އަހަރު ތެރޭގައި ފަލަސްޠީނު ގައި މިނިވަން ފަލަސްޠީނީ ދައްލަތެއް އުފައްދަން ޖެހެއެވެ. އަދި އެސަރުކާރު ހިންގާނީ، ފަލަސްޠީން ޢަރަބިންނާއި ޔަހޫދީންނެވެ. އަދި ކުރިޔަށް އޮތް، 5 އަހަރު، 1940 އިން ފެށިގެން، 1944 އަށް ހިޖްރަކުރެވޭނީ، 75000 (ހަތްދިހަފަސް ހާސް) ޔަހޫދީންކަމަށް ބުނެފައި ވެއެވެ. ކޮންމެ އަހަރަކަށް، 15000 (ފަނަރަ ހާސް) މަގުންނެވެ.

މިހާރުވެސް ފަލަސްޠީން ގައި 450000 (ހަތަރުލައްކަ ފަންސާސްހާސް) ޔަހޫދީން އެބަތިބިކަމަށް އެކަރުދާހުގައި ހާމަކޮށްފައި ވެއެވެ. ތިންވަނަ ކަމަކަށް ހައިކޮމިޝަނަރ އަށް އެއްބަޔަކު އަނެއްބައެއްގެ ބިންބޮޑުކޮށް ހެދުން މަނާ ކުރުމުގެ ފުރިހަމަ ބާރު ދެވުނުކަމަށް ލިޔެފައިވެއެވެ. ތިން ނުކުތާގެ މައްޗަށް ތިން ސެކްޝަނެއް މިކަރުދާހުގައި ތަފްސީލްކޮށް ލިޔެވިފައި ވެއެވެ. ގޫގުލްކޮށް ލެއްވުމުން، މިކޮންފަރެންސްގެ ފޮޓޯތަކާއި އެހެނިހެން އިތުރު މަޢްލޫމާތު ހޯއްދެވޭނެ އެވެ.

ފަހެ، ލީގް އޮފް ނޭޝަންސް އާއި ޔުނައިޓެޑް ނޭޝަންސް އިން ފާސްކުރާ އެއްވެސް ޤަރާރް އަކަށް ޢަމަލެއް ނުކުރެއެވެ. ޒައޮނިސްޓުން މަސައްކަތް ކުރަނީ ބިންބޮޑުކޮށް ގްރޭޓަރ އިސްރާއީލް ބިނާ ކުރުމަށް ހަނގުރާމަ ކުރެވޭތޯއެވެ. މުސްލިމުން މަރަމުން މުޅި ފަލަސްޠީން ޒައޮނިސްޓުންގެ ތަނަކަށް ހަދަމުން ދަނީއެވެ. ޔޫރަޕް ޤައްމުތަކުން ފަލަސްޠީން އަށް އެރި ޒައޮނިސްޓުން ބޭނުންވަނީ މުޅި ފަލަސްޠީން މިލްކުކުރާށެވެ.

އެމެރިކާއަށް ވެސް މިއަދު ވެރިވެގެން ތިބީ، އެތާގައި ދިރިއުޅެމުން ގެންދިޔަ އަސްލު ވަޒަންވެރިން ކޭމްޕްތަކަށް ލައި ރަށުންބޭރުކޮށް އެގޮތްމިގޮތް ހެދުމަށް ފަހު، ޔޫރަޕުން އެރި ޔަހޫދީ މީހުންނެވެ. ފަލަސްޠީން އެކޭ އެއްގޮތަށެވެ. މިއީ ޔޫރަޕްގެ ޔަހޫދީންގެ މާކުރީގެ ނިޔަތާއި ޢަޒުމެވެ. މުޅި ދުނިޔެއަށް ބާރުހިންގޭތޯ އެމީހުން ނެތިދިއުމަށް ދާންދެން ބަލާނެއެވެ. މަސައްކަތް ކުރާނެއެވެ.

ފަހެ، އިރްގޫން އާއިހައްގާނާ އާއި ލެހި ފަދަ ޖަމާޢަތްތަކަކީ، އިނގިރޭސިންނާ ދެކޮޅަށް ފަލަސްޠީނު ތެރޭގައި ގަދަޔަށް ހަނގުރާމަ ހިންގިފަރާތް ތަކެވެ. އިނގިރޭސިންގެ ބޮޑުން މަރާއި އިނގިރޭސިން ޖެރޫސަލަމް ގައި ތިބޭތަންތަން ގޮއްވާއި އެތައް ޢުދްވާން ތަކެއް ހިންގި މީހުންނެވެ.

މިޖަމާއަތްތަކުން، 1945 ގައި އުފެދުނީ، ޖުއިޝް ރެސިސްޓަންސް މޫވްމަންޓް (JEWISH RESISTANCE MOVEMENT) އެވެ. މިއެންމެހަ ހަނގުރާމަ ވެރިންގެ އިރްހާބި މަސައްކަތުން، ފަލަސްޠީން ގައި ހިންގަމުން ގެންދިޔަ އިނގިރޭސި މޭންޑޭޓް ނިމުމަކަށް ގެނެސް، 14 މެއި 1948 ގައި ޖުއިޝް ސްޓޭޓް (JEWISH STATE) ވުޖޫދަށް ގެނެސް އުފެއްދީ އެވެ.

ހަމަ އެހިނދު މަދުގަޑި އިރުތަކެއްގެ ތެރޭގައި އެދަޢްލަތް އެމެރިކާއިން ޤަބޫލްކުރީއެވެ. އިސްލާއީލީ މިދައްލަތުގައި ބޮޑުންނަކީ، ޒައޮނިސްޓް ޓެރަރިސްޓް ޖަމާޢަތްތަކުގައި މުސްލިމުން ކަތިލަން އުޅުނު މީހުންނެވެ. ފަހުން، ޖުއިޝް އެންޑް ޑިމޮކްރެޓިކް ސްޓޭޓް އަކަށް ވެގެން ދިޔައީ، ސްޓޭޓް އޮފް އިސްލާއީލް އަށެވެ. އެއީ މިހާރު މިފެންނަ އިސްރާއީލީ ދައްލަތެވެ. މިއަދު، 2014 ގައި ވެސް ފަލަސްޠީން ގައި މުސްލިމުން މަރަމުން އެގެންދަނީ އެއްބަޔެކެވެ. ހަމަ ސަހުޔޫނީ ޔަހޫދީންނެވެ.

ފަހެ، މިއީ ޔޫރަޕުން އިސްލާމީ އުންމަތާ ދެކޮޅަށް ފެއްޓި ވަޙްޝީ ބޮޑު ހަނގުރާމަ ދޭއް ނިންމާލި އިރު، އިސްލާމީ ދުނިޔެ މިއަދު ފެންނަން އޮތްގޮތުގެ ކުރު ޚުލާޞާ އެކެވެ. ﷲ ތަޢާލާ މުސްލިމުންނަށް، މުސްލިމުންގެ ބިންތައް އަނބުރާ ދެއްވާށިއެވެ. އާމީން!

ނޯޓް: މިމަޒުމޫނަކީ، ރާއްޖޭގެ ކޮލެޖްތަކާއި މަޢްހަދުތަކާއި ޤުރްއާން މަރްކަޒް ގައި ކިޔަވަމުން ގެންދާ ބައެއް ދަރިވަރުން، މިއަދުގެ އިސްލާމީ ދުނިޔެއާ ގުޅިގެން ބައެއް މަޢްލޫމާތުތައް ހޯދުމަށް އަޅުގަނޑު ކައިރިޔަށް އައިސް އެދުމުން، އެކުދިންނަށް އެކިދުވަހުމަތިން ލިޔެދިން ނޯޓުތަކުން ލިޔެވުނު ދިގު މަޒްމޫނެކެވެ.

ބައެއް މަދު ތަކުރާރުތައް ޤަޞްދުގައި އިސްފަސްވުމާ އެކު ހިމަނާފައި އެވަނީ، ކިޔަވާ ކުދިން މިމަޒްމޫނު ކިޔަމުން، އަދި ދިރާސާ ކުރަމުންދާ އިރު ފަސޭހައިން ހިތުތެރޭގައި ހަރުލެއްވުމުގެ ބޭނުމުގައެވެ. އަޅުގަނޑު ކިބައިން މިކަމަށް، އެދުނު ހުރިކާ ކުދިންނަށް އަޅުގަނޑު ލައްވާ މިމަސައްކަތް ކުރުވީތީ، މަރްޙަބާ އާއި ޝުކުރިއްޔާ ބުނަމެވެ! الحمد لله!

Leave a Reply

Your email address will not be published. Required fields are marked *