(ލިޔުނީ: މާޗް 2012 ގައި)
7 ފެބްރުއަރީ 2012 ވީއަނގާރަ ދުވަހު، ދިވެހިންނަށާއި މުޅިދުނިޔެއަށް، ﷲ ދެއްކެވި ކުޅަދުންވަންތަ ކަމުގެތެރެއިން ވުޖޫދަށްއައި ހަމަހިމޭން ސަރުކާރުން އަދާކުރަންޖެހޭ ދުސްތޫރީ ވާޖިބެއް ކަމުގައިވާ ރިޔާސީ ބަޔާން ރައްޔިތުންނަށް އިއްވުމަށް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު އެކަން ބޭއްވެވުމަށް އިއުލާނު ކުރެއްވީ، 1 މާޗް 2012 ވީބުރާސްފަތި ދުވަހުގެ، ދިހައެއް ޖަހާއިރަށެވެ. ގާނޫނު އަސާސީގެ، 84 އާއި 83 ވަނަ މާއްދާގެ ދަށުން، މިކަން އޮންނަނީ މިގޮތަށް ހަމަޖެހިފައެވެ. އަދި ގާނޫނު އަސާސީގެ މިދެންނެވި މާއްދާތަކުގެ ދަށުން ހެދިފައިވާ މަޖިލީހުގެ ގަވާއިދުގެ، ހަވަނަ ބާބު، ދައުރާއި ޗުއްޓީގެ، 16 ވަނަ މާއްދާއާއި ދިހަވަނަ ބާބު، ރިޔާސީ ބަޔާންގެ، 25 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެވި ކަނޑައެޅިފައި އޮންނަގޮތަކީ މިއެވެ.
ފަހެ، ދަންނާށެވެ! މިއީ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ކަމުގައިވާ، ރައީސުލް ޖުމްހޫރިއްޔާ އަދާކުރައްވަން ޖެހިވަޑައި ގަންނަވާ، ދުސްތޫރީ ވާޖިބެކެވެ. ދިވެހި ބަރުލަމާނީ ހަޔާތުގައި އަދާހަމައަށް ކުރަމުންއައި ގާނޫނީ ވާޖިބެކެވެ. ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު މަޖިލީހަށް ވަޑައިގެން، ދިހަ ގަޑިއިރުވަންދެން ކެތްތެރިކަމާ އެކު، އެވާޖިބު ކުރެއްވުމުގެ އިންތިޒާރުގައި އިންނަވަން ޖެހުނެވެ. މަޖިލީހުގެ ރައީސް އަޅުއްވާނެ ފިޔަވަޅެއްގެ އިންތިޒާރުގައެވެ. ކުޅުއްވާނެ ސިޔާސީ ތަމްސީލެއްގެ ފަރުދާކެހެން ދެނެވެ. ހަށިފާރަ ވެރިންނާއެކު ދައުލަތުގެ ރައީސް މަޖިލީހުގެ ކޮޓަރިކޮޅެއްގައި އިންނަވަންޖެހި ވަޑައިގަތީ، އެމްޑީޕީ މެމްބަރުންގެ ޝިކާރައަކަށް ވެގެން، ބިރުވެރި ހާލަތުގައި ވަށައިގެން ޙިޞޯރު ކުރެވިފައިވާ ހާލުގައެވެ. މަޖިލިސް ތެރެއިންނާއި މަގުމަތީގެ ވަކި ސަރަހައްދަކުން ފެށިގެންނެވެ. މަޖިލީހުގެ ތަޅުންވަނީ، އެމްޑީޕީ މެމްބަރުން ބޭނުންވާ ގޮތަށް، ބޭނުންހާ އެއްޗެއް ހެދުމަށް ދޫކޮށް ލެވިފައެވެ. ސެކިއުރިޓީ ގޮތުން މަޖިލީހުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނެތެވެ. އެތަޅުންވަނީ، އެމްޑީޕީ މެމްބަރުންނަށް މިނިވަންކޮށް ދޫކޮށްލާފައެވެ. ކަރާމާތްތެރި އެތަޅުންވަނީ، ހައިވާނު ބަގީޗާއަކަށް ބަދަލުކޮށް ލާފައެވެ. އެމްޑީޕީއަށް ނިސްބަތްވާ މަދުމެމްބަރުން ތަކެއް ވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގާނޫނީ ވާޖިބު އަދާކުރެއްވުމަށް ހުރަސް އެޅުއްވުމެގެ ގޮތުން މަޖިލީހުގެ ތަޅުމަށް ވަނަނުދެއްވުމަށް ކުރެވެންހުރި ހުރިހާކަމެއް، ކުރަމުން ގެންދިޔައެވެ. ގާނޫނަކަށް ގަވާއިދަކަށް ބަލައިލުމެއް ނެތިއެވެ. އެބޭފުޅުން ތިއްބެވީ އާދަޔާޚިލާފު މަސްތެއްގައެވެ. މަޖިލީހުގެ ރައީސްގެ ފަރާތްޕުޅުން ވެސް މިއީ އެއްވެސް ކަމަކަށް ވެގެން ކަންބޮޑުވާ މަންޒަރެއް ނުފެނެއެވެ. އެމަނިކުފާނު ތިންފަރެއްގެ މަތިން ތަޅުމަށް ވަންނަން ހުންނަ ދޮރުމަތިން ފެނުނުއިރު ހުންނެވީ މަޖާވަރަކަށް ހިނުފުޅު ވޮޑުވިފައެވެ. ޖަހަނީ އެމްޑީޕީއާއެކު ވަންހަނާ ވެގެންވާ ސިއްރު ޑީލެއްގައި ހުންނެވި ހެންނެވެ. މަޖިލީހުގެ މުޅި ތަޅުންވަނީ އެމްޑީޕީ މެމްބަރުންގެ ކޮންޓްރޯލް ދަށަށް ގެނެސްފައެވެ. އަދި ދައުލަތުގެ އެންމެމަތީ ވެރިޔާ، ރައީސް ވަހީދަށް އޭނާގެ ގާނޫނީވާޖިބު އަދާކުރެއްވުމަށް ހުރަސްއަޅަމުން ގެންދިޔައީ ވަރަށް ކެރިގެންނެވެ. ޖާނުންފިދާ ވުމަށް ތައްޔާރަށް ތިބިކަމަށް ގޮވަމުން އަހްދު ކަށަވަރު ކުރަމުންނެވެ. ފުޅަ އައުގުރާނައިގެ އަޑުވެސް އިވެމުން ދިޔައެވެ. މިފަދަ އަޑުތައް އުފުއްލަވަމުން ގެންދެވި މެމްބަރުންނަކީ، ހަމަބުއްދީގައި ތިއްބެވި ބައެއްތޯ ސުވާލު އުފެދޭ ހާލަތުގައެވެ. އެބޭފުޅުން ވަރަށް ފާޅުގައި ޖަރީމާތަކެއް ހިންގަމުން ގެންދިޔައެވެ. މަޖިލީހުގެ ތަކެއްޗަށް ގެންލުން ދެމުން ގެންދިޔައެވެ.
ފުރަތަމައަށް ކުރިކަމަކީ، މަޖިލިސް ކުރާގެއަށް މަގުމަތިން ވަނުމަށް ހުންނަ ބޭރުމައިގޭޓުން، ދައުލަތުގެ ރައީސް ޑޮކްޓަރ ވަހީދު ވަނަނުދެއްވުމަށް ހުރަސް އެޅީއެވެ. ކަރުދާސް ބޯޑުތައް ގެންގުޅެ ހަރުއަޑުން ހަޅޭލަވާއި ގަޔަށް އަތްލަން މަސައްކަތް ކުރީއެވެ. ހަށިފާރަވެރި ހުޝިޔާރު ސިފައިން އިދިކޮޅު މެމްބަރުންގެ މިފާރު ފޫއަޅުވާލީ ވަރަށް ހުނަރުވެރިކޮށް ތަޖުރިބާގެ އުކުޅުތަކުގެ އަލީގައެވެ. މިބުރުގައި ހަށިގަނޑުންފަލަ، މެމްބަރަކު އިދިފުށަށް ބިންމައްޗަށް ވެއްޓުނުތަން ފެނުނެވެ. އަދި ތަޅުމަށް ވެންނެވުމަށް ޚާއްސަ ކުރެވިފައިހުރި ދޮރުން މަޖިލީހުގެ ރައީސް ވެންނެވިޔަ ނުދެއްވައި އެމްޑީޕީ އެމްބަރުން ހުރަސް އެޅުއްވީ، އާދަޔާޚިލާފަށް ހުތުރުކޮށެވެ. މުޑުދާރު އަމަލުތަކުންނެވެ. ހަމަބުއްދި ގެންލިފައިވާ ޖަންގަލީ ރާމާމަކުނު ތަކެއް ހެންނެވެ. ވަރަށް ދަށުދަރަޖައިގެ ހަޑިހުތުރު އަމަލު ތަކުންނެވެ. ހުތުރު ބަސްތައްގޮވާ ހަޅޭލަވާ ހައްދަވަމުންނެވެ. ބިރުދައްކާއި މާރާމާރީގެ ހަރަކާތްތަކެއް ހިންގަވަމުންނެވެ. ބިރުދެއްކުމާއި ޓެރަރިސްޓް ހަރަކާތް ތަކުންނެވެ. މަޖިލީހުގެ ރައީސްގެ ވާޖިބުތައް އަދާކުރެއްވުމަށް ސީދާ ހަރަކާތުން ހުރަސް އަޅަމުން ގެންދިޔަ މަންޒަރު މުޅިދުނިޔެ ދުށެވެ. އެކަކު އަނެކަކަށް ހަޑިކޮށް ގަޔަށްއަތްލާއި ކޮށްޕާއި ގަޅުވަމުން ގެންދެވިތަން ފެނުނެވެ. މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި މިހާތަނަށް ރައްޔިތުންގެ މަޖިލީހެއްގެ ތަޅުމުގައި ކޮށްފައިވާ އަމަލެއް ނޫނެވެ. މަޖިލީހުގެ ރަސްމީ ވާޖިބުތައް އަދާކުރެއްވުމަށް، މަޖިލީހުގެ ރައީސް ދުވަހުގެ ރަސްމީ ޖަލްސާ ފެއްޓެވުމަށް މަޖިލީހަށް ވެންނެވުމަށް ހުންނަ ބޮޑުދޮރު ބަންދުކޮށް މަޖިލީހަށް ނުވެންނެވޭ ގޮތަށް ހުރަސްއެޅުއް ވިއެވެ. ދައުލަތުގެ ރައީސް އިންނަވަން، ޚާއްސަ ކުރެވިފައިހުރި ގޮނޑިކޮޅު ހުރިތަނުން ނަގައިގެން ގެންގޮސް ދޮރުމަތީގައި ބަހައްޓައިގެން އެގޮނޑީގައި އެކިމަންޒަރުތައް އެކިމެމްބަރުން ތަމްސީލުކުރައް ވަމުން ގެންދެވިއެވެ. މިއީ އިހްތިޖާޖު ކުރުމުގެ ބޮޑުވަރެވެ. އިންތިހާއަށް ހައްދުފަހަނަ އަޅާދިއުމެވެ.
ފަހެ، ދަންނާށެވެ! ދުނިޔޭގެ ބައެއް ބަރްލަމާނު ތަކުގައި ތަހުޒީބުގެ ހަމަތަކުގެމަތިން ހަޅުތާލުކޮށް އިހްތިޖާޖުކޮށް އުޅެއެވެ. ޕްރޮޓެސްޓްކޮށް އުޅެއެވެ. ޒަމާނީ ޑިމޮކްރަސީގައި އެއީކުރަން ޖެހޭކަމެކެވެ. ގާނޫނުތަކުގައި މީރުރަހަލައި ފައްކާވުމަށް ބޭނުންތެރި ތައުސީރެކެވެ. އެބައެއްގެ ހައްގުތައް ލިބިގަތުމަށް ފާޅުކުރަން ޖެހޭ ޝުޢޫރެކެވެ. ރާއްޖޭގައިވެސް މީގެކުރިން މިފަދަ ހޫނު އިހްތިޖާޖުތައް ވަނީ ކޮށްފައެވެ. އަޅުގަނޑަކީ އޭގެނަމޫނާއެއް މަޖިލީހުގެ ތަޅުމުގައި އަމަލުންނާއި ހަރަކާތުން ދެއްކި މީހެކެވެ. އިހްތިޖާޖު ކުރުމުގެ ގޮތުން، އަރައިގެންއިން ބޫޓުބާލާ މޭޒުމަތީގައި ބަހައްޓާފައި ހިނދުކޮޅަކަށް ތަޅުންދޫކޮށް ބޭރަށް ނުކުންނަން ޖެހުނެވެ. އެހެން އިހްތިޖާޖެއްގެ ތެރޭގައި މޭޒުމަތީގައި ހުރެގެން ތަޅުމުގައި ދައްކަންޖެހޭ ރަސްމީ ވާހަކަތައް މަޖިލީހުގެ ރައީސަށް ހަރުއަޑުން އިއްވަން ޖެހުނެވެ.
ފަހެ، މަޖިލީހުގެ ތަޅުމުގައި ރިޔާސަތުން އިއްވަވާ، ވާހަކަފުޅުތަކަށާއި މެމްބަރުންގެ ބައެއް ތަގްރީރުތައް އިއްވަވަމުން ގެންދަވާއިރު އިހްތިޖާކޮށް ބެނާތައް ހިއްލާއި އަޑުއުފުލުމަކީ ތަހުޒީބު މުޖްތަމަޢުތަކުގައި ވެސް ކުރަމުން ގެންދާކަމެކެވެ. ބައެއް މުޖްތަމަޢުތަކުން ބަލައިގަންނަ ކަންތަކެވެ. ހަމަކަށަވަރުން އެއީ ތަހުޒީބު ގޮތަށް އިހްތިޖާޖު ކުރުމެވެ. އެހެނަސް އެމްޑީޕީގެ މެންބަރުންގެ ފަރާތުން، ރާއްޖޭގައި ފެނިގެން މިދިޔައީ ވަރަށް ދަށުދަރަޖައިގެ ނާތަހްޒީބު ޖަންގަލީ، ވަލުތެރޭގެ އަމަލު ތަކެވެ. ހަމަބުއްދި ގެއްލިފައިވާ ބައެއްގެ މަންޒަރުތަކެވެ. ކަނޑާފައިހުރި ފެންފުޅިތަކެއް އެމީހުންގެ ތެރޭގައި ބަހާއި އެބޮއިހެދިއެވެ. ޝައްކުކުރެވޭ ގޮތުގައި މާމީރު ރަހައެއްލާ ފެނަކަށްވުން ގާތެވެ. ހަމަބުއްދި ނެތިވާހާލުގައި ނައްޓަވާއި މޮޔަމޮހެދޭގެ ގަދީމީ ތަމްސީލުތައް ކުޅުއްވައި އިއާދަ ކުރައްވާ މަންޒަރު ފެނުނެވެ. މަޖިލީހުގެ ދޮރުން ރައީސް ވަނުނަނުދެއްވައި ހިފޭއްޓުމާއި ތަޅުމުގައި ވަޒީރުންނަށާއި ޚާއްސަ މެހްމާނުންނަށް އިންތިޒާމު ކުރެވިގެން ތަރުތީބު ކުރެވިފައިހުރި ގޮނޑިމޭޒުތައް ދަމާއި އުކާއި ތަޅުމުން ބޭރުކޮށް މައިކްތަކުގައި ފައިންތަޅާ ހެދުމަކީ ތަހުޒީބު ގޮތުގައި އިހްތިޖާކުރުމެއް ނޫނެވެ. ގައުމީދިދަޔާއި ރައީސުލް ޖުމްހޫރިއްޔާގެ ދިދަކޮޅުހުރި ދަނޑި ބިންދާލާއި ވައްޓާލާއި ދިދަތައް ވީދާލުމަކީ ޖާހިލު ކަމުގެ ތެރެއިންވާ ބުރަސޫރައިގެ ނަޖިސް އަމަލެކެވެ. ހިނދުކޮޅަކަށް ހަމަބުއްދިފިލައި ގޮސްފައި ވުމުގެ އަލާމަތެކެވެ. މިއީ ތަރައްގީވެފައިވާ ދުނިޔޭގެ ތަހްޒިބާޚިލާފު ކަމެކެވެ. މިމަންޒަރު ބައްލަވަން ދުނިޔޭގެ ޕާލަމަންޓްރީ ޔޫނިއަނުން ފޮނުއްވި ބޭފުޅުން ތިއްބެވިއެވެ. ބޭރުގެ ވަފުދުތައް ތިއްބެވިއެވެ. އެކިގައުމު ތަކުގެ އެމްބެސެޑަރުން ތިއްބެވިއެވެ. މިއީ އެމްޑީޕީއާއި އެއަމަލުތައް ކުރެއްވި މެންބަރުންގެ ގަދަރާއި އަގުވެއްޓުންކަން ކަށަވަރެވެ. ހަމަބުއްދީގައި ތިއްބަވައިގެން ނުކުރައްވާނެ އެތައްކަމެއް ކުރައްވަމުން ގެންދަވާތަން ބައެއް މެމްބަރުންގެ ފަރާތުން ތަކުރާރުކޮށް ފެނިގެން ދިޔައެވެ. އިއާދަ ވަމުން ނިއުޅެމުން ދިޔައެވެ. އަމިއްލަ ފުޅަށް ތުރުކުރައްވަގެން ހުންނެވި ކޯޓުކޮޅު، ގަޔާފޭކޮށް ދައްކަވާފައި އެކޯޓުކޮޅުގެ ގެމޮޅުކަން ގޮވާހެއްދެވިއެވެ. އެތައްފަހަރަކު ހަތިޔާރު އުކުޅަށް ލުމަށް ގޮވިއެވެ. މިއީ ރައްޔިތުންގެ ބާރުތައް ތަންސީލުކުރާ އެފަދަ ކަރާމާތްތެރި ތަނެއްގައި ހަމަޖެހޭ އިންސާނަކު ހަމަބުއްދީގައި ހުރެގެން ކުރާނެކަމެއް ނޫނެވެ. މިފަދަ ޖާހިލީ ކަންތައް މަޖިލިސް ކުރާގޭތެރޭ ކުރެވުނުއިރު މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ފައުޖުގެ ބޭކަލުން ހަމަހިމޭން ކަންމަތީގައި ބަލަން ތިބުމަކީ، މަޖިލީހުގެ އަމީނުލްއާންމު ނަންގަވަންޖެހޭ ޒިންމާތައް ނަންގަވާއި ސެކިއުރިޓީންނައް އަންގަވަންޖެހޭ މުހިންމު އެންގެވުންތައް މަޖިލީހުގެ ރައީސްގެ އިޒުނައާއެކު އަދާކުރައްވާ ފައިނެތް ކަމުގެ ދަލީލެކެވެ. ފާޅުވެގެންވާ ހެއްކެކެވެ.
ފަހެ، ދަންނާށެވެ! ދިހަގަޑި އިރުވަންދެން ދުސްތޫރީ މިރަސްމިއްޔާތު މަދުބައެއްގެ ނުލަފާ ރޭވުމުން ލަސް ކުރުވުމަކުން ވެރިކަމުގެ ބާރަށް ލިބުނު އެއްވެސް އުނިކަމެއް، އަދި ރައީސުލް ޖުމްހޫރިއްޔާއަށް ލިބުނު އެއްވެސް ގެއްލުމެއް ފެންނާކަށް ނެތެވެ. ދިރާސާ ކުރިވަރަކަށް ކާމިޔާބު ބޮޑުކޮށް ފެންނަނީ ސަރުކާރު އަޔަށެވެ. ހަމަބާރަށް ކުރިޔަށް ގެންދަންވީއެވެ. މަޖިލިސް ބޭއްވިޔަސް ނުބޭއްވިޔަސް ސަރުކާރު ކުރިޔަށް ގެންދެވޭނެއެވެ. އަދި ގެންދަވާނެއެވެ. އެއްބައި ވަންތަކަން ދެއްކޭނެއެވެ. އަދި ދައްކަވާނެއެވެ. މިހާރުގެ ރައީސް ޑޮކްޓަރ ވަހީދަކީ، ނަފްސާނީގޮތުން ބަލިކޮށް ލެވޭވަރަށް ވުރެ ކެތްތެރިކަން ގަދަ ޙިލްމުވެރި ސިޔާސީ ލީޑަރެކެވެ. ސިޔާސީ ކަންކަމާ ކުރިމަތި ލައްވަންކެރި ވަޑައިގަންނަވާ ހިތްވަރުހުރި ގާޢިދެކެވެ. ލެބްނާނާއި އަފްޣާނިސްތާނުން ކެތްތެރިކަމުގެ އެތައް ފިލާވަޅެއްވަނީ އެމަނިކުފާނު އަމަލީގޮތުން ތަޖްރިބާ ކުރައްވާފައެވެ. މަޖިލީހުގެ ތަޅުމުންނާއި ބޭރުން އިއްވަމުން ގެންދިޔަ އަޑުތަކުންނާއި އަދި ކުރިމަތީގައި އެމްޑީޕީގެ އެކިއެކި މެމްބަރުން ދައްކަމަމުން ގެންދިޔަ ވަޙްޝީމަންޒަރު ތަކަކީ އެމަނިކުފާނަށް އެއްވެސް އަސަރެއް ކުރުވިކަމެއް ނޫނެވެ. އަދި ކުރާނެކަމެއް ނޫނެވެ. ބައެއް އިންސާނުންނަކީ، ނަފްސާނީ ގޮތުންކުޅެވޭނެ ބައެއް ނޫނެވެ. ލޮޅުން އަރުވާލެވޭނެ ސިކުނޑިތަކެއް ނޫނެވެ. މިފަދަ އިންސާނުން ކުރިމަތީގައި އެފަދަ ރޭވުންތައް ދާނީ ފެއިލްވެ، ފަޞީޙަތް ވަމުންނެވެ. ވިއްސިވިހާލިވެ ރޫޅެމުންނެވެ. މަޑުމަޑުން އިނދަޖެހި ނެތިގެއްލެ މުންނެވެ.
ފަހެ، ދަންނާށެވެ! “ހަމަ ކަށަވަރުން، ﷲ ވޮޑިގެންވަނީ ތަޤްވާވެރި މީހުންނާ އެކުގައެވެ. އަދި ހެއުކޮށް ކަންތައްކުރާ މީހުންނާ އެކުގައެވެ.” “އޭ! އީމާންވެއްޖެ މީސްތަކުންނޭވެ! ކެތްތެރިކަމާއި ނަމާދުން ތިޔަބައި މީހުން އެހީތެރިކަން ލިބިގަންނާށެވެ! ހަމަ ކަށަވަރުން، ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ.” ހަމަ ކަށަވަރުން، 7 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ދިވެހި އަބްޠާލުންގެ ދުވަހެވެ. ސަރުކާރުން މިދުވަސް ފާހަކަ ކުރެއްވުމަކީ، ދިވެހި ރައްޔިތުންގެ އެދުމެކެވެ! އާމީން!