ފަސްވަނަ ފަހަރުގެ ޖަލުހަދާން ފެށުމަށް، އަޅުގަނޑު ގަސްދުކުރަނީ ކުޑަމުޤައްދިމާއަކާ އެކުގައެވެ. މިއީ، 4 ވަނަ ފަހަރާއި، 5 ވަނަ ފަހަރާދެމެދު ރާއްޖޭގެ ސިޔާސީ މަސްރަޙަށް އަންނަމުންދިޔަ ފާހަގަ ކޮށްލެވޭ ބޮޑެތި ބަދަލުތަކެވެ. 2003 ސެޕްޓެމްބަރ 19-20 ގެޙާދިޘާއަށް ފަހު، ރާއްޖޭގައި ފެށިފައިއޮތް އިސްލާހީ ހަރަކާތް ކުރިޔަށް ގެންދެވުނީ ރާއްޖެއިން ބޭރުގައި މަރުކަޒު ކުރެވިގެންނެވެ. އެމަސައްކަތް ކުރާނެ މަރްކަޒީ އިދާރާތަކެއް ގައިމު ކުރެވިގެންނެވެ. ސްރީލަންކާއާއި އިނގިރޭސި ވިލާތުގައެވެ. އެމެރިކާގައާއި ސްވިޓްޒަލޭންޑުގެ ބާސްލޭގައި ވެސް މަސައްކަތް ކުރެވުނެވެ. ބޭރުދުނިޔޭގެ ތާއީދާއި އެހީތައް ލިބިގެންނެވެ. ޚާއްސަކޮށް އިނގިރޭސިންގެ ފުރިހަމަ ޙިމާޔަތް ލިބިފައި އޮވެގެންނެވެ.
އާދެ! 1994 އޯގަސްޓް 19 ގައި ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) އާއި، 2001 މާޗް 19 ގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެނަމުގައި ފޯމްތައް ފުރިހަމަކޮށް ބޭނުންވާ ހުރިހާ ލިޔުންތަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ރަޖިސްޓްރީކޮށް ދިނުމަށް އެދި ހުށަހެޅުނެވެ. އެހެނަސް މިދެފަހަރު ވެސްވަނީ ނާކާމިޔާބައި ކުރިމަތިލާން ޖެހިފައެވެ. މަލްޓިޕާޓީ ސިޔާސަތުގައި، ސަރުކާރުން ޖެހީ ކޮޅުފައިންނެވެ.
ޕީޑީޕީއަކީ ކެނެރީގޭ މުހަންމަދު ނަޝީދު، އަންނިއާއި ކަޅުހުރާގޭ މުހަންމަދު ލަތީފާއި އަޅުގަނޑާ، 3 މީހުންވެގެން ސައްލާކޮށްފައި، ދިވެހިގާނޫނު ތަންދޭ އެންމެފުޅާ ދާއިރާއެއްގައި ދިވެހިވެރިކަމުގެ ފަނޯއްލަ ކުރިއެރުވުމުގެ ގޮތުން އެވެރިކަމުގެ ކަންކަމާ، ބިނާކުރަނިވި ގޮތުގައި ބެހި ފާޑުކިޔާހެދުން، މިމަގްސަދުގައި އުފައްދަން އުޅުނު ސިޔާސީ ޕާޓީއެކެވެ. ކުރިން މިޕާޓީއަށް އަޅުގަނޑުމެން ކިޔަންއުޅުނު ނަމަކީ، “މީހުން ކުރިއެރުވުމުގެ ހަރަކާތް” މިހެންނެވެ. އިދާރާއަކީ، ގ.ކެނެރީގެ މާލެ އެވެ.
އެމްޑީޕީއަކީ، 42 ބޭފުޅުންގެ ސޮއިކޮށްފައި، ދިވެހި ރައްޔިތުން ތެރޭގައި ސިޔާސީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން، މިމަގްސަދުގައި އުފައްދަން އުޅުނު ސިޔާސީ ޕާޓީއެކެވެ. އޭރުގެ ބަންޑާރަނައިބު ޑޮކްޓަރ މުހަންމަދު މުނައްވަރު އަރިހުން، ރައީސް މައުމޫނު ހޯއްދެވި ނުލަފާ، ލަފާފުޅެއްގެ މަތިން މިފަހަރުވެސް ހުއްދައެއް ނުދެއްވިއެވެ. މަލްޓިޕާޓީ ނިޒާމުގެ ކުރި މަރާ ލެއްވީއެވެ. އޭރު ޑޮކްޓަރ މުނައްވަރު ހުންނެވީ ރައީސް މައުމޫނުގެ ބުދުކޮއްކޮއަކަށެވެ. ވިދާޅުވާ އެއްޗަކާއި ގޮތަކަށް ރުހިގެންނެވެ. އެކަމުގައި އިސްކޮށް އުޅުއްވި މީހުންނަށް ސިޔާސީގޮތުން ގޯނާކޮށް ދުއްތުރާތަކާއި އުނދަގޫތައް ކުރިމަތި ކުރިއެވެ.
އެހެނަސް ސިޔާސީޕާޓީއެއް އުފެއްދުމުގެ މަސައްކަތާއި އިސްލާހީ ހަރަކާތުގެ މަސައްކަތް މެދުކެނޑުމެއްނެތި ހިތްވަރުގަދަ، ގ.ކެނެރީގެ، މުހަންމަދު ނަޝީދު (އަންނި) ގެޤިޔާދަތުގެ ދަށުގައި ކުރިޔަށް ގެންދެވުނީ، ވަރުގަދަ ސިޔާސީ ހަރަކާތެއްގެ ގޮތުގައެވެ. އެތައްބައެއްގެ ބައިވެރިވުމާ އެކުގައެވެ. ސިޔާސީ ފިކުރެއްގެ ގޮތުގައެވެ. އަމާޒެއް ކަނޑައެޅި ގެންނެވެ. އަދި އެހަރަކާތްތައް ރާވާއި ހިންގުމަށް އިދާރީ މަރްކަޒުތަކެއް ސްރީލަންކާގައި ގައިމުކުރެވުނެވެ. އަންނިއާއި ގޯގޯލަޠީފާ ގުޅިގެން، ވަރަށްފޯރިއާއި ޖޯޝާއެކުގަ ގިނަގުނަ ސިޔާސީ މަސައްކަތްތަކެއް ރާއްޖޭން ބޭރުގައި ހިންގުނެވެ.
އަދި، 2003 ވަނަ އަހަރު، ކ.މާފުށީ ޖަލުގައި ގައިދީއަކު މަރާލުމާއި ޖަލުގައި ސިފައިން ބަޑިޖެހުމުގެ “ކަޅުހުކުރު” ޙާދިޘާއާ ގުޅިގެން ރިފޯމް މަސައްކަތްތައް އިހުނަށްވުރެ ވަރުގަދައަށް ބޭރުގެ އެކި ޖަމާޢަތްތަކާ ގުޅިގެން ބާރުސްޕީޑެއްގައި ކުރަންފެށުނެވެ. ސިޔާސީ މަސައްކަތްތައް މެކުހަށްޖެހުނެވެ. ރާއްޖޭން ބޭރުގައާއި ރާއްޖޭގައެވެ. އިތުރު ބޭފުޅުން މިހަރަކާތާ ގުޅިވަޑައިގަތެވެ.
މިމަރުހަލާގެ ނަގާކިޔަންހުރި މޭސްތިރިއަކީ އަންނިއެވެ. އޭނާގެ ހިތްވަރުގަދަ އަޒުމާއި ކެރުން އަހުރެމެންނަށް ބޮޑުބާރަކަށް ވިއެވެ. އޭނާގެ ނަގާކިޔުމާއި ހިތްވަރުން ހިތްވަރުލިބި، އެތައްކަމެއް އަޅުގަނޑުމެން އަމިއްލައަށް ރާވާއި ތަންފީޒުކޮށްފައި ހުންނާނެއެވެ. މިހަރަކާތް ކާމިޔާބު ވުމުގެ ސިއްރަކީ އޭނާގެ ކެރުމާއި ކަންކަމުގައި އިސްނަގަން ކެރުމެވެ. ރައީސް މައުމޫނުގެ ސަރުކާރުން ރާއްޖޭގައި ސިޔާސީޕާޓީ ހިންގަން ޖާގަނުދިނުމުން ދެން، އަޅަންޖެހޭ އެންމެފަހުގެ ފިޔަވަޅު އެޅުމަށް މަޖްބޫރުވީއެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތަށް ބޭރުދުނިޔޭގެ އެހީ އާއި މަދަދު ސީދާގޮތުގައި ހޯދަން ޖެހުނު ސަބަބަކީ މިއެވެ.
އާދެ! ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިއްބަވައިގެން، ރާއްޖޭން ބޭރުގައި އެމްޑީޕީ އުފައްދާއި މުޅިދުނިޔެއަށް އެކަން އިއުލާނު ކުރެއްވީ ވަރަށްކެރިގެން ސާބިތުވެ ތިބެއެވެ. ކުރިމަތިވާނެ ކަންތައްތަކާއި ހުރަސްތައް ދެނެތިބެއެވެ. އަދިި، ދިވެހި ސަރުކާރަށް ފާޅުގައި ފާޑުކިޔުމުގެ މަސައްކަތް ރަސްމީ ސިފައެއްގައި ފެއްޓީ އެއްވެސް ކަހަލަ ޖެހިލުމެއް، ބިރެއް ނެތިއެވެ.
އަމިއްލައަށް އަރުވާލެވިގެން ސްރީލަންކާގައި ގައިމުވެ ތިއްބެވި ބޭފުޅުންނަކީ، މ.ޗާންދަނީވިލާ މުހަންމަދު ލަޠީފް (ގޯގޯ) އާއި ގ.ކެނެރީގޭ މުހަންމދު ނަޝީދު (އަންނި) އާއި ގ.ޕްލެޒެންޓްވޭވްސް އަހްމަދު މަޢުޞޫމާއި ގ.ފިތުރޯނުވިލާ އަހްމަދު އަލީ ނަސީރު (ބޮނދު) އެވެ. އަދި އިނގިރޭސި ވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ހުންނެވީ، މ.މާފުށީގޭ އަހްމަދު ޝަފީޤު އިބްރާހީމް މޫސާ (ކުޑަސައްޕެ) އެވެ.
އަދި ސަރުކާރުގެ ސިޔާސީ ދުއްތުރާތަކާ ހެދި، އަމިއްލައަށް ބޭރަށް ވަޑައިގެން ހުންނެވި، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކާއި އަމިއްލައަށް ޖަލުން ފިލައިގެން، އދ.ގެ ރެފިއުޖީންނާބެހޭ ޖަމާޢަތުން ހިމާޔަތް ހޯއްދަވައިގެން ސްވިޓްޒަލޭންޑުގައި ގައިމުވެ ހުންނެވި، ސަންދާނު އިބްރާހީމް ލުތްފީއައި މިދެބޭފުޅުންގެ އެއްބާރުލެއްވުން، މިމަސައްކަތުގައި މެދުކެނޑުމެއްނެތި ހުރިހާގޮތަކުން ލިބެމުން ދިޔައެވެ. ޑޮކްޓަރ ވަހީދަކީ އދ.ގެ އިސްމަގާމެއްގައި ހުންނެވި ބޭފުޅަކަށްވާތީ އޭނާގެ މަސައްކަތްތައް ބިނާކުރެއްވީ، ބޭރުފުށަށް ނޭންގޭގޮތަށް ލަފާދިނުމާއި އެތެރެއިން ކުރެވެންހުރި އަންޑަރގުރައުންޑު މަސައްކަތްތައް ރާވާއިދީ މިހަރަކާތަށް މަގުފަހިކޮށް ދެއްވުމުގެ މައްޗަށެވެ.
އެމްޑީޕީ ދުނިޔޭގެ ޖައްވަށް ނޭވާލުން:
ރާއްޖޭގައި ސިޔާސީޕާޓީއެއް ރަޖިސްޓްރީ ކުރެވޭގޮތް ރަސްމީ ސިފައެއްގައި ނުވުމުން، ދުނިޔޭގެ އެހެންގައުމު ތަކުގައި އެކަންކުރާ ބީދައިން، ރާއްޖޭން ބޭރުގައި ރާއްޖޭގެ ރަށްތަކުގައި ހަރަކާތްތެރިވާނެ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ވުޖޫދަށް ގެނައުމަށް އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އުޅުއްވި ބޭފުޅުންނަށް އެކަން ކުރުމަށް މަޖްބޫރު ވީހިނދު އެކަން އިއުލާނު ކުރެވުނީ، 2003 ނޮވެމްބަރ 10 ވީހޯމަ ދުވަހު ސްރީލަންކާގެ ވެރިރަށް ކޮލޮންބޯގައެވެ. ބައިނަލް އަޤްވާމީ ނޫސްވެރިންގެ ކުރިމަތީގައެވެ.
މިހުރިހާ މަސައްކަތެއްގެ ހުނަރުވެރި މޭސްތިރި ވިސްނުންތެރިއަކީ، ފަހަތް ބެއްލެވެވުމަށް ބޭނުންފުޅުނުވާ އިސްނަންގަވަން ކެރޭ، ކެނެރީގޭ އަންނިއެވެ. ދެން ވެސް އިސްވެ ނުކުންނެވި ކެރޭ މީހުންނެވެ. މިއެންމެންގެ ސިޔާސީ ވިސްނުމާއި ޙިކްމަތްތެރި ބުއްދީންނެވެ.
ފަހެ، މިހުރިހާ ކަމެއް ރޭވުނީ އަންނި އިސްކޮށް ހުންނަވައި މިހަރަކާތުގައި ބައިވެރިވި އެންމެންގެ މަޝްވަރާ އިސްކުރެވިގެންނެވެ.
އާދެ! ރާއްޖޭން ބޭރުގައި “އަރުވާލެވިފައިވާ ޝަޚްޞެއް” ގެގޮތުގައި އެމްޑީޕީ ހިންގުމުގެ އިދާރީ މަސައްކަތްތައް ރަސްމީކޮށް ފެށުނެވެ. އޮފީހުގައި ނަންބޯޑެއްޖަހާއި ތައްގަޑާއި ރަސްމީ ކަރުދާސްރައް ތައްޔާރުކޮށް ހަދައިގެންނެވެ. ބައިނަލް އަޤްވާމީ ފަރާތްތަކާއެކު ސީދާ މަޝްވަރާތައް ފެށުނެވެ. އެކިއެކި ރަސްމީ ލިޔުންތައް ޕާޓީގެ ނަމުގައި ބޭރުކުރެވެން ފެށުނެވެ. ޕާޓީގެ ނަމުގައި އަމިއްލަ ވެބްސައިޓެއް ގައިމުކޮށް ދުވަހުންދުވަހަށް އެންމެ އެތެރޭގެ ޚަބަރުތައް އަޕްޑޭޓް ކުރަން ފެށުނެވެ. މިވެބުސައިޓް ލަންކާއިން ކުރިޔަށް ގެންދެވުނެވެ.
އަދި އިނގިރޭސި ވިލާތުގައި، ކުޑަސައްޕެގެ ބެއްލެވުމުގެ ދަށުން، ދިވެހި އޮބްޒާވަރުގެ ނަމުގައި ވެބްސައިޓެއް ގައިމުކޮށް، ޕާޓީގެ ޚަބަރުތަކާއި ރާއްޖެތެރޭގެ ޚަބަރުތަކާއި ޕާޓީގެ ޕޮލިސީތަކާއި ސިޔާސަތުތައް ހާމަކޮށް ދިނުމުގެ މަސައްކަތް ބަރާބަރަށް ދުވަހުން ދުވަހަށް ކުރިޔަށް ދާން ފަށައިފިއެވެ.
އަދި އޮސްޓްރޭލިޔާއިން، މޯލްޑިވްސް ކަލްޗަރ ޑޮޓްކޮމްގެ ނަމުގައި މިޚަބަރުތައް ފަތުރައި ދެއްވަމުން ދިވެހިއަންހެން ދަރިޔަކު (ފަރީޝާ) އޭނާގެ ފިރިމީހާގެ އެހީތެރިކަމާއެކު ގެންދެވިއެވެ. މާލެއިން ބަރާބަރަށް ކުޑަސައްޕެއަށް ޚަބަރުތައް ފޮނުވާނެ ބޭފުޅުން އަމިއްލައަކަށް އުފެދިއްޖެއެވެ. ފޮޓޯތަކާއި މުހިންމު ޚަބަރުތައް ފޮނުވުމުގައި އެންމެ އިސްރޯލެއް ކުޅުއްވީ، ސިލްވަރސީން އަލީވަހީދު ހަސަން މަނިކާއި އޭނާގެ އަނބިކަނބަލުން އިރާޝާއަހްމަދެވެ. އަދި ވެސް އިތުރު ބައެއް ކުދިންނެވެ.
ކުރިނބީ މުހަންމަދު ވަހީދަކީވެސް ދިވެހި އޮބްޒާވަރުގެ މުހިންމު ލިޔުން ތެރިއެކެވެ. އޭނާއަކީ ކުޑަސައްޕެއާއެކު ކުވައިތަށް ކިޔަވަން ވަޑައިގެންނެވި ބޭފުޅަކަށްވާތީ ކުޑަސައްޕެއާއެކު މަސައްކަތް ކުރިޔަށް ގެންދެވީ އިތުބާރާއި ޔަގީންކަމާ އެކުގައެވެ. އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. މިދެމީހުންނަށް ޚަބަރުތައް ދޭބައިވަރު ކޮޅުތައް ރޭވި ހަމަޖެހިފައި ހުއްޓެވެ.
އަދި ވަކިމީހެއް ނޭނގޭގޮތަށް ޚަބަރާއި ފޮޓޯ، އަދި ބައެއް ސިއްރުލިޔުންތައް ފޮނުވައިދޭ ފަރާތްތައް އަމިއްލައަކަށް އުފެދިފައި ތިއްބެވެ. ސަރުކާރު ތެރޭގައި ވެސް މީގެބަޔަކު ތިއްބެވެ. މިއިން އެނގޭ އެއްޗަކީ، އިސްލާހީ ކަންކަމުގައި އިސްނަގަން ކެރޭލީޑަރުން ތައްޔާރަށް ތިބިއްޔާ، ސިޔާސީކަންކަން ރާވައިގެން ކުރިޔަށް ގެންދެވޭނެ ކަމެވެ. ބޭނުންވަނީ އިސްނެގުމާއި ކެރުންކަމެވެ.
އާދެ! ޕާޓީގެ “ޚަބަރު ސިޓީތައް” ޗާޕްކޮށްގެން މާލޭގައި ތިބި، އަޅުގަނޑުމެން ކަހަލަ އިސްލާހީ ހަރަކާތް ތެރިންނަށް ބަރާބަރަށް ލިބެންފަށައި ފިއެވެ. އަޅުގަނޑު މެންނާ ލަންކާއޮފީހައި ގުޅުވައިދޭ އިސް މީހަކީ، މއ.ކޮށީގޭ އަބްދުﷲ ސަޢީދު (ކެޕްޓަން) އެވެ. އަދި އިދާރީ ކަންކަމުގައި އަޅުގަނޑު މެންނާ ގުޅޭ އިސްފަރާތަކީ، ގ.ކެނެރީގޭ އަހްމަދުނާޒިމް (އަންނިކޮއްކޮ) އެވެ. ވަރަށް އަވަހަށް ރަފުކޮށް ކުއްލި، އަސާސީ ގަވާޢިދެއް އެކުލަވާ ލެވިއްޖެއެވެ. މިކަމުގައި އިސްކޮށް އުޅުނީ އަޅުގަނޑާއި ނާޒިމެވެ. ނާޒިމުއަތުގައި މީގެދެލިކޮޕީއެއް އޮންނާނެއެވެ. އެގަވާޢިދުގެ ދަށުން ހިންގާކޮމެޓީއެއް އިހުޒަމާނުގެ ގޮތުންނަމަ، ވަލީކޮމެޓީ (ނެޝަނަލް ކައުންސިލް) އެއް އެކުލަވާލުމުގެ މަސައްކަތް ކެޕްޓަން ކޮށީގޭ ސައީދު މުރާސިލަކަށް ހުންނަވައިގެން ފެށުނެވެ.
މިކަން ނިމިގެން ދިޔައީ ވަރަށް ސާފުކޮށް، އަޑިއެނގޭގޮތަށް ބޭރުދުނިޔެއިން ގަބޫލްކުރާ ފެންވަރުގައެވެ. އިންޓަރނެޓް މެދުވެރިކޮށް ވޯޓުލައިގެން އިސްލާހީ ހަރަކާތުގައި ފާޅުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އޭރު އެމްޑީޕީގެ މެންބަރުންގެ ގޮތުގައި އެންމެ ފުރަތަމައަށް އަނގަބަހުން އެއްބަސްވެފައި ތިއްބެވި މެންބަރުންގެ މެދުގައެވެ.
މިމީހުންގެ މެދުގައި އީމެއިލް މެދުވެރިކޮށް، ބަރާބަރަށް ގުޅުން ހިނގަމުން ދިޔައެވެ. މިކަން ކުރައްވައި ހެއްދެވީ ކެޕްޓަން ސައީދެވެ. އަދި އަނގަބަހުން ދޭންޖެހޭ މެސެޖްތައް ބަރާބަރަށް އެމަގުން ބަހާހަދައި އުޅެނީ އަޅުގަނޑެވެ. އާދެ، 2004 ފެބްރުއަރީ 10 ގެނިޔަލަށް އީމެއިލް ފޮނުވައިގެން، ވަލީކޮމެޓީއަށް ކުރިމަތި ލެއްވުމުގެ ދޮރުހުޅުވާ ލެވުނެވެ. މިހުޅުވާލެވުނު ފުރުސަތުގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުގައި ތިއްބެވި މިހަރަކާތުގެ ބައިވެރިންގެ ތެރެއިން، 25 މެމްބަރަކު ކުރިމަތި ލެއްވިއެވެ.
ދިވެހިރާއްޖޭގައި އިންޓަރނެޓު މެދުވެރިކޮށް ވޯޓުލެވުނު ފުރަތަމަ ފަހަރު:
އީމެއިލްގެ ޒަރީޢާއިން އިންޓަނެޓުން މިވޯޓުލުން ބޭއްވުނީ، 2004 ފެބްރުއަރީ 13 ވީހުކުރު ދުވަހުއެވެ. މިކަންތައް ރޭވިފައިއޮތީ އެރޭ، 12 ގެކުރިން ވޯޓުލައި ނިންމާލާ ގޮތަށެވެ. މިމަސައްކަތްތައް ރާވާއިހިންގާ ބެލެހެއްޓީ، ކެޕްޓަން އަބްދުﷲ ސަޢީދުގެ ބެލުމުގެ ދަށުންނެވެ. އިދާރީ ހުރިހާކަމެއްގައި އަޅުގަނޑާ ބަރާބަރަށް ގުޅާހެއްދެވީ އޭނާއެވެ. އޭނާއާއި ބޭރުގައި ތިއްބެވި މީހުންނައި، އަދި ބޭރުގައި ހުޅުވާފައިހުރި އޮފީސްތަކާ ބަރާބަރަށް ގުޅުން ހިނގައެވެ.
މިއިންތިޚާބުގައި އަޅުގަނޑު ބައިވެރިނުވީ ސަރުކާރުތެރޭގައި އިސްކޮށް މީގެތެރެއިން އެކަކު ސަލާމަތުން ހުންނަން ޖެހޭތީއެވެ. އަދި މިވަގުތު އެހާއަވަހަށް އަނެއްކާ، ޖަލަށްދާން ބޭނުން ނުވާތީއެވެ. އެހެނަސް މިއިންތިޚާބުގައި އޭރު ބޭރުގައި ތިއްބެވި، ޖަވާހިރުވާދީގެ ދެކުދިން ކަމުގައިވާ ވިދާދު ވަހީދު ހަސަން އާއި ފިދާ ވަހީދު ހަސަން ލައްވާ ކުރިމަތި ލެއްވީމެވެ.
އެކުދިންނަކީ ބޭރުގައި ކިޔަވަންތިބޭ ކުދިންނަށް ވެފައި، މާލޭގައި ތިއްބެވި ޕާޓީއަށް ތާއީދުކުރައްވާ ބޭފުޅުން، އެދެކުދިން ރަނގަޅަށް ނުދަންނާތީ، 15 ބޭފުޅުން ތެރޭގައި އެދެމީހުން ހޮވޭގޮތް ނުވީއެވެ. އެހެންނަމަ ވެސް އެދެކުދިންނަށް ވެސް ރަނގަޅަށް ވޯޓުދީފައި ވެއެވެ. އާދެ! ދިވެހިރާއްޖޭގައި އިންޓާނެޓު މެދުވެރިކޮށް ބޭއްވުނު އެންމެ ފުރަތަމަ އިންތިޚާބުގެ ނަތީޖާ، އެވޯޓުގެ ނަތީޖާޝީޓުން ބައްލަވާ ލައްވާށެވެ.
މިއިންތިޚާބުގައި އެމްޑީޕީގެ ވަލީކޮމެޓީއަށް ހޮވުނު، 15 ބޭފުޅުން އިއުލާނުކޮށް ދެއްވީ، ކެޕްޓަން ސަޢީދެވެ. ވަލީކޮމެޓީގެ ޖަލްސާތައް މާލޭގެ ސިއްރު ތަންތާގައި ބޭއްވުމަށް ފަހު، ޔައުމިއްޔާތައް ލަންކާ ހެޑް އޮފީހަށް ނާޒިމު މެދުވެރިވެގެން އަޅުގަނޑު ފޮނުވައިދެމެވެ.
ވަލީކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އަޅުގަނޑަކީ، އެމްޑީޕީގެ ރަޖިސްޓްރަރ ޖެނެރަލްކަމާއި ޕާޓީގެ މިމަގާމަކީ، ވަލީކޮމެޓީގައި ހިމެނޭ މަގާމެއްގެ ގޮތުގައި ބައިވެރިވި މީހުންގެ އިއްތިފާގުން ފާސްކޮށް ހަމަޖެއްސުނެވެ. މިހާހިސާބުން ސިޔާސީ ޕާޓީއެއްގެ އެންމެ ފުރަތަމަ ފުރިހަމަ ހައިސިއްޔަތާއި އެކު ގާނޫނީ އަދި އުސޫލީ ފޭރާމެއްގައި އިސްލާހީ ހަރަކާތުގެ މަސައްކަތް ފެށުނީއެވެ. ހުރިހާކަމެއް ހިންގާއި ބަލަހައްޓަމުން ގެންދިޔައީ އަހުރެންނެވެ.
ބޭރު ދުނިޔެއިން މިކަންތައް ރީތިކޮށް ބަލައި ގެންފިއެވެ. މިކަންތައް ފުރިހަމަ ކުރެވުމުން، ގޯގޯ ލަތީފު ލަންކާގައި މަޑުކުރެއްވުމަށް ފަހު، އަންނިއާއި މަޢުޞޫމާއި ބޮނދު އިނގިރޭސި ވިލާތަށް ސިޔާސީ ޙިމާޔަތުގައި އަރުވާލެއްވުނީ، ވަރަށް ފަސޭހަކަމާ އެކުގައެވެ. އެއަށްފަހު، ކުޑަސައްޕެއާ ގުޅިގެން ހަގީގީ މަސައްކަތް ގާނޫނީ ފޭރާމެއްގެ ތެރޭގައި ފެއްޓީއެވެ. ފަހެ، އަޅުގަނޑު މެންގެ މިހަރަކާތުގެ އިސްމީހަކަ ބަލަމުންދިޔައީ، ސިޔާސީ ކަންކަމުގައި ފަސްނުޖެހި އިސްނަންގަވަން ކެރިވަޑައިގަންނަވާ، ޖެހިލުންކުޑަ އަންނިއެވެ. އަދި އެއީ މައިދާނުގައި ތިބި، އަޅުގަނޑުމެން ފަދަ ސިޔާސީ ހަނގުރާމަ ވެރިންގެ މަޝްވަރާގެ ބަސް ގަބޫލުކުރާ އެކުގައި މަސައްކަތް ކުރެވޭ ކަހަލަ ލީޑަރެކެވެ.
ސަރުކާރުގެ އިސްލާހީ ޕްރޮގްރާމް:
1990 ވަނަ އަހަރު މާލެ ތެރެއަށް ބާރާއެކު ނެރުނު ބިންބިފޯސް މެދުވެރިކޮށް ކުރަންއުޅުނު އެންމެ މުހިންމު ކަންތައް ކާމިޔާބެއް ނުކުރެވުނެވެ. އަދި، 2003 ސެޕްޓެމްބަރ 19-20 ގެ ޙާދިޘާގެ ފަހަތުގައި ރޭވުނު ހުރިހާ މުޑުދާރު ރޭވުންތަކެއް ފެއިލްވީއެވެ. އެކަން ހިންގީ ވަރަށް ބޮޑުރޭވުމެއް ސަރުކާރުން ރާވައިގެންނެވެ.
މިހުރިހާ ކަމެއްގެ މުގުލުގައި ތިއްބެވީ އާދަމް ޒާހިރާއި ރައީސް މައުމޫގެ މަދުވަޒީރުން ކޮޅެކެވެ. އަދި، ޕާޓީސިޔާސަތަށް ޖާގަނުދީ ހިފޭއްޓި ހިފޭއްޓުން، މުށުތެރެއިން ލޫދިގެން ދިޔައީ ދާދިއަވަހަށެވެ. އަދި، 2004 އޯގަސްޓް 12-13 ގެ “ކަޅުހުކުރު” ޙާދިޘާގެ ބިއްދަށުގައި ރޭވުނު މުޑުދާރު ސިޔާސީ ރޭވުންތައް ވެސް، ބޮއްސުން ލައިގެން ދިޔައީއެވެ. ﷲގެ ހެޔޮރަޙްމަތް ފުޅުން، ރާއްޖޭގައި އުފެދުނު އިސްލާހީ ހަރަކާތް އުޖާލާކޮށް ކުރިޔަށް ދިޔައެވެ.
ދެން ފަހެ، ސަރުކާރަށް ޖެހުނީ، އިސްލާހީ އެޖެންޑާއެއް ފަރުމާކޮށް މަގުޗާޓަކާ ދިމާއަށް ދީލާލާށެވެ. މުސްކުޅި ވަޒީރުންނާ ދެކޮޅަށް ޒުވާން ޝާއްބަ ވަޒީރުންތަކެއް ކެބިނެޓަށް ގެންނެވުމަށް ފަހު، ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައީސް މައުމޫނު އިއުލާނު ކުރެއްވިއެވެ. އޯލްޑު ފްރެންޑުން، މުސްކުޅިވަޒީރުން ދުރުކޮށް، ގާތްކުރެއްވި ޒުވާންވަޒީރުން އަމިއްލަފުޅަށް “ނިއުމޯލްޑިވްސް” އުފައްދާއި “އޯޕަން ސޮސައިޓީ” އެއް ވުޖޫދަށް ގެނެސް، ސިއްރު އަމިއްލަ އެޖެންޑާއެއް ސަރުކާރު ތެރޭގައި ހިންގައި ފަތުރަން ފެށީއެވެ. އެހީތެރިކަމާއި ހިމާޔަތް މިދެބައި މީހުންވެސް ހޯދަމުންދިޔައީ އިނގިރޭސިންނާއި އެމެރިކާ އާއި އީޔޫންނެވެ. ބައެއް ކަންކަމުގައި އިސްލާހީ ހަރަކާތާއި މިވެރިންނައި ވާހަކަ ދެކެވެއެވެ. މަޝްވަރާ ކުރެވެއެވެ.
ޒުވާން ވަޒީރުންގެ ޗާލާކު ބުއްދީގެ ސަބަބުން ރައީސް މައުމޫނަށް މާބޮޑު އެއްބާރުލުމެއް ނުލިބުނެވެ. އޮތްވަރަށްވުރެ ބޮޑަށް ސަރުކާރު ރޫޅުނީއެވެ. ޒުވާން ވަޒީރުން، ޚާއްސަ މަޖިލީހުގެ ތަޅުމުގައި ސަރުކާރު ދިފާޢުކޮށް ދިނުމުގައި ނުކުޅެދި ފަހަށް ޖެހި މަޑުން ތިއްބެވީ، އިސްލާހީ ހަރަކާތަށް ހިތުތެރެއިން ހަމްދަރުދީ ދެމުންނެވެ.
މަގާމުގެ ބާރުތަކާއި ނުފޫޒުތައް އަތަށް ލިބިމުން، ވެރިކަމާ ދިމާއަށް މިވެރިންގެ އަމިއްލަ ވިސްނުން ފޯރަންފެށީއެވެ. ހުވަފެނީ ޚިޔާލީ ތަޞައްވުރެއް ކުރަހަން ފެށީއެވެ. ހުވަފެނީ ދުނިޔެއެއްގެ ތެރެއަށް ޒުވާން ވަޒީތުންތައް ގެބިއްޖެއެވެ.
ރައީސް މައުމޫނަށް ޖެހިވަޑައިގަތީ، އެމަނިކުފާނުގެ ކުރިމަގު އާގޮތަކަށް ބަދަލުކޮށް މިސްރާބު ޖަހާށެވެ. އެގޮތުން އެމަނިކުފާނުގެ އާޚިޔާލު ތަކާއެކު މައިދާނަށް ނުކުންނަވައި ރައްޔިތުންނަށް ދެއްވި ފުރަތަމަ އިސްލާހީ ތަޤްރީރު، 9 ޖޫން 2004 ވީބުދަ ދުވަހުގެރޭގައި އިސްލާމީ މަރުކަޒުގައި ދެއްވިއެވެ.
ރައީސް މައުމޫނުގެ އިސްލާހީ ހަރަކާތް އިއުލާނުކުރުން:
ގާނޫނު އަސާސީއަށް ބަދަލުތައް ގެނެސް އަޅުއްވަން ބޭނުންފުޅުވާ އިސްލާހީ ފިޔަވަޅުތައް މިޖަލްސާގައި ހާމަކޮށް ދެއްވިއެވެ. އަދި އެންމެން ވެގެން މިކަމަށް އެމީހެއްގެ ވިސްނުމާއި ފިކުރު ތަންދިން ފުޅާމިނެއްގައި ޚިޔާލު ދެއްވުމަށް ގޮވާލެއްވިއެވެ. އެދޮރު ހުޅުވާލެއްވިއެވެ.
މިޖަލްސާ ތެރޭގައި އަޅުގަނޑާއި ފުރަހަނި ޝުއައިބު ރައީސް މައުމޫނައި ބައްދަލުވެ ބައެއް ޚިޔާލުތައް ފާޅުކުރެވުނެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގައި އާންމުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް މައުމޫނު ހުޅުވާލެއްވި ފުރުސަތު، 30 ޖޫން 2004 ވީބުދައަށް ހަމަވިއިރު، 1996 ސިޓީއާއި، 74 އީމެއިލްއާއި، 15 ފެކްސް ލިބުނުކަމަށް ރައީސް އޮފީހުން ހާމަކުރިއެވެ.
ރާއްޖޭގެ އިސްލާހީ ހަރަކާތަށް ރައީސް މައުމޫނު ހުޅުއްވާލެއްވި މިދޮރާށިންނުކުމެ، 29 ޖޫން 2004 ވީއަންގާރަ ދުވަހުރޭ ފުރަތަމަ ފަހަރަށް، “މިނިވަން ބަހުސް” މިނަމުގައި ޚިޔާލުފާޅު ކުރުމެއް އާންމުކޮށް، ސޯޝަލް ސެންޓަރުގައި އިސްލާހީ ހަރަކާތުން އިންތިޒާމް ކޮށްގެން ބޭއްވުނެވެ.
އިސްލާހީ ހަރަކާތުން ފެއްޓި މިނިވަންބަހުސްތަކުގެ ފެށުން:
މިއީ ގ.ކެނެރީގޭ އަހްމަދު ނާޒިމް (އަންނިކޮއްކޮ) އިސްކޮށް ހުންނަވައިގެން އޭނާގެ، އޮރިއެންޓަލް އެކަޑަމިކްސް ސެންޓަރުގެ ނަމުގައި އަޅުގަނޑުމެން އިންތިޒާމްކުރި ބައްދަލުމުމެކެވެ. މިއެކަޑަމީގެ ނަމުގައި ޑިމޮކްރަސީއާއި ވެރިކަމާ ބެހޭ ބައެއް ލީފްލެޓްތައް ޝާއިޢު ކޮށްފައި ވާނެއެވެ. ލަންކާގައި ތިއްބެވި މީހުންނާއި އަޅުގަނޑުމެންނާ ދެމެދު ބަރާބަރަށް ސިޔާސީ އިރުޝާދުތައް ބަދަލުކުރެވެމުން ދިޔައެވެ. މިބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު އެއްވުމަކަށެވެ. އިސްލާހީ ހަރަކާތުގެ އެންމެން އެއްތަނެއްގައި ޚިޔާލުފާޅުކޮށް ލެވުނު ރެއަކަށެވެ. މިއީ މިނިވަން ބަހުސްތަކުގެ ފުރަތަމަ ބައްދަލުވުމެވެ.
މިނިވަން ބަހުސްގެ ދެވަނަ ބައްދަލުވުން:
މީގެ ދެވަނަ ބައްދަލުވުން، 5 ޖުލައި 2004 ވީހޯމަ ދުވަހުރޭ ޣިޔާސުއްދީން ސްކޫލްގައި ކުރީރެއަށްވުރެ ފުރިހަމަކޮށް އިންތިޒާމް ކުރެވުނެވެ. މިއީ އާންމުކޮށް، ފުރަތަމަ ފަހަރަށް، މިކަހަލަ ޖަލްސާއެއްގައި އާންމުންނަށް ފެންނަގޮތަށް ބޯކަރުދާސް ގަޑެއްގައި ލިޔެގެން، ރައީސް މައުމޫނު ވަގުތުން އިސްތިޢުފާ ދެއްވުމަށް ގޮވާލެވުނު ފަހަރެއެވެ. މިބޯޑް ހިއްލާލުމުގައި ޝައިޚް ފަރީދުގެ ބަހަކާއި ހިއްވަރެއް ލިބުނެވެ. އޭރު ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނަކީ، ފަރީދުގެ ފޮލޯވަރުން ތިއްބެވި ތަނެކެވެ. އެތަނުގެ ވެރިޔާއަކީ މީހުންނަށް ނުފެންނަގޮތަށް ފޮރުވައިގެން، އޭރު ޢަމަލު ކުރަމުން ގެންދިޔަ ގާނޫނު އަސާސީ އަމިއްލަ ޚަރަދުގައި، ގަމީހުޖީބަށް ލެވޭސައިޒަށް ކުޑަކޮށް ލައްވައިގެން، ޗާޕްކޮށް ލޮނުޒިޔާރަތް ކޮޅުގައި އޭގެއެތައް ކޮޕީއެއް ބައްސަވާލެއްވި ބަތޮލެވެ.
މިކަން ވެގެން ދިޔައީ ގިނަޒުވާނުން ތަކަކަށް ގާނޫނު އަސާސީއާ މެދު، ލޯހުޅުވިގެން ދިޔަކަމަކަށެވެ. އެކި މާއްދާތަކަށް ފާޅުގައި ބަހުސްކުރެވެން ފެށުނު ކަމަކަށެވެ. މިދެންނެވި ބޯޑު ތައްޔާރުކޮށްދީ ޖަލްސާތެރޭގައި ހިއްލާލާނެ މީހަކަށް ނިންމީ ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނުގެ ވެރިޔާ އަލްފާޟިލް އަހްމަދު އާދަމްގެ ބޭބެ، އަބްދުއްރަޝީދު (އަބުސީ) ލައްވާއެވެ. އެއީ ކެރިގެން ކުރިޔަށް ނުކުންނަން ކެރޭޒުވާނެކެވެ. އެދުވަހު މެންދުރު މިބޯޑު ތައްޔާރު ކުރެވުނުގޮތް ރަނގަޅުތޯ ބަލައި ޗެކްކުރަން ދިޔައީ އަޅުގަނޑެވެ. މިކަންތައް ރޭވުނީ، ޝައިޚްފަރީދުގެ ރުހުމާއި އެއްބާރު ލެއްވުމާ އެކުގައެވެ.
ރައީސް މައުމޫނުގެ އިސްތިއުފާއަށް މިބައްދަލުވުމުގައި އެހާފާޅުކަން ބޮޑުކޮށް ގޮވުމާގުޅިގެން މިދެބައްދަލުވުން އިންތިޒާމް ކުރިފަރާތްތަކަށް މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ އިތުރަށް ނުދެއްވާގޮތަށް، 7 ޖުލައި 2004 ވީބުދަ ދުވަހު ހޯމް މިނިސްޓްރީން ދިގުބަޔާނެއް ނެރުއްވިއެވެ. ގާނޫނާއި ގަވާއިދައިޚިލާފު ކަންތައް މިދެބައްދަލު ވުމުގައި ހިންގާފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އެހެނަސް، މިހުރަސް ތަކާއެކުވެސް ތިންވަނަ ބައްދަލުވުން، 11 ޖުލައި 2004 ވީއާދީއްތަ ދުވަހުރޭ ދަރުމަވަންތަ ސްކޫލްގައި އިންތިޒާމްކޮށް ބޭއްވުނެވެ.
މިނިވަން ބަހުސްގެ ތިންވަނަ ބައްދަލުވުން:
ކުރީބައްދަލު ވުމުގައި ހިނގާދިޔަ ކަންތަކާ ކޯފާވެގެން، ޝައިޚް ފަރީދު މިބައްދަލުވުމަށް ވަޑައިގެން ސަރުކާރަށް ފިސާރިއަކަށް ދެއްވިއެވެ. މިބައްދަލުވުންތައް އިންތިޒާމު ކުރުމަށް ސަރުކާރުގެ ޢިމާރާތްތައް ލިބުން ދަތިވާން ފެށުމުން، އަޅުގަނޑުމެން ގަސްދުކުރީ ޔޫއެން ބިލްޑިންގް ކޮންފަރެންސް ހޯލްގައި ގާނޫނުނު އަސާސީއަށް ގެންނަން ފެންނަ އިސްލާހުތަކާ ބެހޭގޮތުން މަޝަވަރާ ކޮށްލުމުގެ ބައްދަލުވުމެއް ބޭއްވޭތޯ ބަލާށެވެ. އެގޮތުން އެކަމަށްއެދި ޔޫއެންއަށް ސިޓީލިޔުނީ، އަޅުގަނޑުގެ ނަމުގައެވެ.
އޭރު އަޅުގަނޑުހުރީ ޚާއްސަ މަޖިލީހަށް ހޮވިފައިކަމުން އަޅުގަނޑާ ނާޒިމާ މަޝްވަރާކޮށްފައި ނިންމީ އަޅުގަނޑުގެ ނަމުގައި މާލޭގައިހުންނަ ޔޫއެންއޮފީހަށް ސިޓީއެއްލާށެވެ. އަޅުގަނޑުމެން އެކަންކުރީމެވެ. އެހެނަސް ކާމިޔާބެއް ނުވިއެވެ. ވަރަށް ވިސްނާފައި އެއޮފީހަށް، އަޅުގަނޑުގެ ނަމުގައި ލީ ސިޓީއަށް ޖަވާބުދެއްވީ ޢިލްމީކަމަކަށް ވުރެބޮޑަށް މިހާރު ތިޔަކަންތައް، ސިޔާސީ ކަމަކަށް ބަދަލުވެފައިވާތީ، އެފަދަ ހުއްދައެއް ދެވެން ނެތްކަމަށެވެ. އެސިޓީއާއި ޖަވާބު މިހާރުވެސް އަޅުގަނޑު އަތުގައި އެބައޮތެވެ.
މިނިވަން ބަހުސްގެ ހަތަރުވަނަ ބައްދަލުވުން:
އާދެ! ހަތަރުވަނަ ބައްދަލުމުން ބޭއްވީ، 13 ޖުލައި 2004 ވީއަންގާރަ ދުވަހުރޭ ކަލާފާނު ސްކޫލްގައެވެ. ގާސިމް އިބްރާހީމް މިބައްދަލުވުމަށް ވަޑައިގެން ޚިޔާލުދެއްވިއެވެ. ފަސްވަނަ ބައްދަލުވުން، 14 ޖުލައި 2004 ވީބުދަ ދުވަހުރޭ ސޯޝަލް ސެންޓަރުގެ ސެމިނަރރޫންގައި ބޭއްވުނެވެ. މިސިލްސިލާ ބައްދަލުވުންތައް އުނދަގުލާއެކު، ގަދަކަމުން ކުރިޔަށް ގެންދެވުނެވެ. ހަވަނަ ބައްދަލުވުން، 15 ޖުލައި 2004 ވީބުރާސްފަތި ދުވަހުރޭ ޣިޔާސުއްދީން ސްކޫލްގައި އިންތިޒާމު ކުރެވުނެވެ.
މިބައްދަލުވުމަކީ ސިޔާސީ ޕާޓީހުއްދަ ކުރުމަށް ގޮވާލުމަށް ޚާއްސަ ކުރެވިގެން ބޭއްވުނު މުހިންމުކަން ބޮޑުބައްދަލު ވުމެކެވެ. މިގޮތުގެމަތިން ލީޑްރޯލެއް ކުޅުއްވީ، ކަންކަމުގައި ކުރިޔަށް ނުކުންނަންކެރޭ، ޒުވާނެއް ކަމުގައިވާ، ފުރަހަނި ޝުޢައިބުއަލީ އެވެ. އެމްޑީޕީ ރަމްޒުކޮށްދޭ އެމް އާއި ޑީއާއި ޕީ، މިތިން އަކުރާއި ތިލަފަތް ކަފާއި ދެފުށްކެހެރި ޓޭޕުން ތަތްކޮށްލެވޭ ގޮތަށް، އެނަންބޯޑު ތައްޔާރުކޮށް ދިނީ، ސިލްވަރސީން ނައުޝާދު ވަހީދު ހަސަން، ނޯބެއެވެ. މިމަސައްކަތްކުރީ ސިލްވަރސީން ތެރޭގައެވެ. މިޖަލްސާ އިންތިޒާމުކޮށް ތައްޔާރުކުރީ، ނާޒިމާއި ޝުޢައިބާއި އަޅުގަނޑެވެ.
އަޅުގަނޑުމެން ބޭނުންވީ މިބައްދަލުވުން އެމްޑީޕީގެ ނަމުގައި މާލޭގައި ބޭއްވޭފުރަތަމަ ބައްދަލުވުމަށް ހަދާލާއި ދިވެހިތާރީޚަށް އެނަން ވައްދާއި އާންމުކޮށް ލާށެވެ. މީހުންގެ ހިތްތަކުގައި އެމްޑީޕީ، މިތިންއަކުރު ބިންވަޅު ނަގުވާލުމަށެވެ. އަދި އެފޮޓޯތައް ބޭރުދުނިޔެއަށް ހާމަކޮށް ދައްކާލާށެވެ. ﷲގެ އިރާދަފުޅުން އެކަން އެގޮތަށް ކާމިޔާބުވިއެވެ.
މިއީ ބޭރުގައިހުރި އަޅުގަނޑުމެންގެ އިދާރީ އޮފީސްތަކުން ލަފަޔާއި އޯޑަރުތައް ވެސް އަންނަމުން ދިޔަގޮތެވެ. މިބައްދަލުވުމަށް ވެސް ގާސިމް ވަޑައިގެން ނެވިއެވެ. ގާސިމަކީ މިކަން ކަމުގައި އަބަދު ވެސް އެހީތެރިން ކޮންމެވެސް މިންވަރަކަށް ދެއްވާ މަހުޖަނެކެވެ. އަދި ސަރުކާރު ތެރެއިން ބޭރުކޮށްފައި ތިއްބެވި، އިބްރާހީމް ހުސައިންޒަކީ މެންފަދަ ފާސިދު، ކޮރަޕްޓް ބޭފުޅުން މިހާހިސާބުން މިފަދަ ބައްދަލުވުން ތަކުން ފެންނަން ފަށައިފިއެވެ. ޑޮކްޓަރ މުނައްވަރު ވެސް ފެންނާން ފަށައިފިއެވެ.
އާދެ! އެމްޑީޕީގެ ޙަޤީޤީ މަޤްޞަދު ގެއްލި ސީދާ މަގުންކެހި ވެރިކަމުގެ ސަންދާނުގެ ދަހިވެތިކަން، މަދުބައެއްގެ ހިތުތެރޭގައި އުފެދެންފެށީ، މިފަދަ ފާސިދު، ކޮރަޕްޓް މީހުންގެ ނުފޫޒުތައް އެމްޑީޕީއަށް ވަންނަންފެށި ހިސާބުންނެވެ. މިދުވަސްވަރު އަޅުގަނޑު ޝައްކުކުރީ، ޒަކީއަކީ ރައީސް މައުމޫނު ފޮނުއްވީމާ ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އަދި ޤާސިމަކީ، އެންދެރި ކޭންޕުން، އިލްޔާސް އިބްރާހީމް ފޮނުއްވީމާ ވަޑައިގަންނަވާ، ބޭފުޅެއް ކަމަށެވެ. އަހްމަދު އައްބާހާ ދޭތެރޭގައި ވެސް މިފަދަ ޝައްކުތަކެއް ކުރީކޮޅުގައި ކުރެވުނެވެ. އޭރު އޭނާއަކީ ވަލުދޮރާށިން ރައީސް މައުމޫނު ހުންނަވާގެ ރިޔާސީގަނޑުވަރަށް ވަންނަވާ ބޭފުޅެކެވެ.
ބޮޑުމަޖިލިސް ހުޅުވުމުގެ ފުރަތަމަ ބައްދަލުވުން:
އާދެ! 19 ޖުލައި 2004 ވީހޯމަ ދުވަހު ހެދުނު، ޚާއްސަ މަޖިލީހުގެ ފުރަތަމަ ބައްދަލުން ބޭއްވުނެވެ. އަދި ބޮޑުޚިޔާލުތަފާތު ވުންގަނޑެއް އެޖަލްސާގެ ތަޅުމުގައި ހިނގައިގަނެ، އުތުރިއެރިއެވެ. އަދި، 24 މެމްބަރަކު ޖަލްސާދޫކޮށް ތަޅުމުން ނުކުންނަވާއި ރައީސް މައުމޫނާ ބައްދަލު ކުރެއްވުމުގެ ބޭނުންފުޅުގައި އޭގެތެރެއިން، 23 މެމްބަރަކު ރައީސް އޮފީހަށް ފައިމަގު ހިންގަވާފައި ވަޑައިގެންނެވިއެވެ. ރައީސް އޮފީހުގެ މައިދޮރާށި ދޮށުގައި އިރުގަނޑެއް ވުމަށް ފަހު، ދޮރުހުޅުވާލުމުން އެތެރެއަށް ވަދެވުނެވެ. އަދި ހުރިހާ މެމްބަރުންނަށް ބޭނުން އެއްޗެއް ދެންނެވުމުގެ ފުރުސަތު ރައީސް މައުމޫނު ދެއްވިއެވެ.
އޭރު ބޭރުގައި، މަގުމަތީގައި ހެސްކިޔާފަ ރައްޔިތުން (ހަވަރު) އެއްވެފައި ތިއްބެވިއެވެ. އަޑުންއަޑުނަގާ ހަވަރުގެ ހަޅޭލެވުމުގެ އަޑުތައްބާރަށް އެތެރެއަށް އިވެއެވެ. ރައީސް މައުމޫނު އަރިހުގައި އަޅުގަނޑުމެން ތިބިއިރު ހަވަރުގެ އަޑުފައްގަނޑު އެތެރެއަށް ބާރަށް އިވެމުން ދިޔައެވެ.
ދެންފަހެ، މިހާހިސާބުން މިނިވަން ބަހުސްތަކަށް ކުޑަ ހީނަރުކަމެއް އައެވެ. ސިޔާސީ އެއްވުންތައް ބާއްވާނެތަނެއް ނުލިބިގެން މިނިވަން ބަހުސްތައް ހުއްޓިގެންދާތީ، ދެންހަދާނެ ގޮތެއް ނެތިގެން، ސްކޫލެއްގައި އުފަންދުވަހުގެ ޕާޓީއެއް ބޭއްވުމުގެ ނަމުގައި މިނިވަން ބަހުސެއް އިންތިޒާމް ކުރަންޖެހުނެވެ.
މިނިވަން ބަހުސްގެ ފަސްވަނަ ބައްދަލުވުން، އުފަންދުވަހުގެ ޕާޓީއެއްގެ ގޮތުގައި ބޭއްވުން:
އުފަންދުވަހުގެ މިޕާޓީ ފެއްޓުމުގެ ކުރިން، މިއީ ސިޔާސީ ބައްދަލު ވުމެއްކަން އެނގޭނީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދުމީހަކަށެވެ. އުފަންދުވަހުގެ މިޕާޓީބޭއްވީ، 29 ޖުލައި 2004 ވީބުރާސްފަތި ދުވަހުރޭ ޖަމާލުއްދީން ސްކޫލަގައެވެ. އަޅުގަނޑުމެންގެ ހީވާގި ހަރަކާތްތެރިއެއް ކަމުގައިވާ، އިސްމާޢީލް ޢާޞިފްގެ އުފަންދުވަހުގެ ކޭކަކީ، މިޖީލުގެ ޑިކްޓޭޓަރަށް ޚާއްސަކޮށް ވެދުންކުރެވުނު މީރު ކޭކެކެވެ. މިބައްދަލުވުމަށް، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވިއެވެ. އެއްވެ ތިބި މީހުންނަށް ހިތްވަރު ދެއްވިއެވެ. އަދި ހިތްވަރު ލިބުނެވެ. އެދުވަސްވަރު އޭނާ ހުންނެވީ މާލޭއަށް ކުރައްވާ ކުރުޒިޔާތަރެއް ގައެވެ.
ލޮނުޒިޔާރަތްކޮޅަށް އެއްވާން ފެށުން:
ސިޔާސީ ބައްދަލުމުން ތަކުގެ މިދޮރު ސަރުކާރުން ބަންދުކޮށްލުމުން، ދެން އެއްވާން ފެއްޓީ ތިންބާރު ވަކިކުރާ މައިދާނަށެވެ. ލޮނުޒިޔާރަތް ކޮޅަށެވެ. މިބުއްދި ފުރަތަމަ ދެއްވީ، ގ.ކެނެރީގޭ އަބްދުލްޖަލީލް، އަބްޖީއެވެ. އެއްދުވަހަކު އަޅުގަނޑާ ސިއްރުން ބައްދަލު ކުރައްވާފައި ހިކިމަހާއި ކާއްޓާ އެއްކޮށްގެން، ލޮނުޒިޔާރްތް ކޮޅުގައި ބަހައްޓާފައިހުރި ޓެޓްރާޕޮޑް ކައިރިޔަށް ރޭގަޑު ޖަމާވާން ފަށަމާ ހިނގާށޭ ވިދާޅުވެއްޖެއެވެ. އޭރުން ތަނެއް ނުލިބިގެން އުޅޭކަށް ނުޖެހޭނެއެވެ. އިލްޔާސް މެންނަށް ފައިސާ ނުލިބިއްޖެއްޔާ، އަބުޖީ އަތުން ފައިސާ ދޭނަމޭ ވިދާޅުވިއެވެ. ދެން ހަމައެދުވަހުރޭ މިކަންތައް ރާވާއި އަޅުގަނޑު އެކަންތައް އިންތިޒާމް ކުރީމެވެ. ފުރަތަމަ ދެތިންރެއަށް ވާވަރަށް ފައިސާ ދެއްވީ އަބްޖީއެވެ.
މިފައިސާ ގެންގުޅެނީ އަޅުގަނޑެވެ. އަދި މިކަމަށް ޚަރަދު ކުރުމަށް އަންނި ދެއްވާ، ފައިސާ ވެސް ގެންގުޅެނީ އަޅުގަނޑެވެ. ގިނައިން އަންނި ދެއްވަނީ ޔޫއެސް ޑޮލަރގެ ސަތޭކައިގެ ނޫޓެވެ. އެމާރުކޮށް އެފައިސާ ޚަރަދުކޮށް، ބަލަހައްޓާ ހަދަނީ ސީދާ އަޅުގަނޑެވެ.
މިކަމުގައި އިސްކޮށް އުޅުނީ ނާޒިމާއި ފުރަހަނި ޝުޢައިބާއި އަޅުގަނޑުމެން ތިންމީހުންނެވެ. މިކަންތައް ވައިގާހިފައި ގާނޫނު އަސާސީއަށް ގެންނަން ފެންނަ އިސްލާހީ ބަދަލުތަކުގެ ޚިޔާލު ފުރަހަނި ޝުޢައިބު އިސްކޮށް ހުންނަވައިގެން އެމައިދާނުގައި ކޮންމެ ރެއަކު ކުރިޔަށް ގެންދަން ފެއްޓުނެވެ. މިކަންތައް ފަހުން އައިސް ބޮޑެތި މުޒާހަރާތަކަށް ބަދަލުވެގެން ދިޔައެވެ.
ބޮޑުމަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ފަހު، އަލުން ފެށުން:
މިހާހިސާބުން ގާނޫނުއަސާސީ އިސްލާހުކުރުމުގެ މަސައްކަތް ޚާއްސަ މަޖިލީހުގެ ތަޅުމުގައި ޢަމަލީގޮތުން ފެށިއްޖެއެވެ. ދޫނިދޫ ޖަލުގައި ބަންދު ވެފައިތިބި، ބައެއް މެނބަރުން، އެމެރިކާއާއި އީޔޫގެ މަސައްކަތުން މިނިވަންކޮށް އެދުވަހުގެ އެޖަލްސާއަށް މާލެ ގެނެސް ދޫކޮށް ލެވިއްޖެއެވެ.
ޖަލްސާތައް މެދުކެނޑުމަށް ފަހު އަލުންފެށި ހިނގައިގަތީ، 12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަހު ހެދުނުއެވެ. މިއަދުވެސް ކުރިޔަށް ގެންދިޔައީ މެދުކަނޑާލި ފުރަތަމަ ޖަލްސާއެވެ. އަދި، 14 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަހު ހެދުނު، ފުރަތަމަ ޖަލްސާގެ ނުނިމިއޮތްބައި ކުރިޔަށް ގެންދެވިއެވެ. މިދެޖަލްސާއަށް ހާޒިރުނުވެވޭ ގޮތަށް ދޫނިދޫ ޖަލުގައި އޭރުވެސް ގިނަމެމްބަރުން ދޫކޮށްނުލާ ތިއްބެވިއެވެ.
އަޅުގަނޑު ވެސްހުރީ ޖަލުގައި ދޫކޮށްނުލައި ބަހައްޓާފައި ތިބި މެމްބަރުން ތެރޭގައެވެ. ޚާއްސަ މަޖިލީހުގެ ރައީސަކު ހޮވުމަށް ހާމަވޯޓެއް ނެގުމަށް ފާސްކުރެއްވުމާ ގުޅިގެން، ޖަލްސާދޫކޮށް މިއަދުވެސް، 12 މެމްބަރަކު ނުކުމެ ވަޑައިގަތެވެ.
އެހެނަސް މިޖަލްސާ ކުރިޔަށް ގެންގޮސް މަޖިލީހުގެ ރައީސަކަށް ހޮއްވެވީ، ގދ.އަތޮޅު މެމްބަރު އަލްފާޟިލް އައްބާސް އިބްރާހީމެވެ. ނައިބުރައީސް ކަމުގެ މަގާމަށް ހޮއްވެވީ، ރ.އަތޮޅު މެމްބަރު އަލްއުސްތާޒު ޝާހީން ޙަމީދެވެ. މިހާހިސާބުން މެމްބަރުންގެ ޚިޔާލުތަފާތުވި މައްސަލަ ހައްލުކޮށް ނިންމާލެއްވީ، ސީނާ އަހްމަދު ޒާހިތުގެ ރޭވުންތެރި މަކަރާއި ޙީލަތުގެ ރޭވުންތަކުގެ ދަށުންނެވެ. ހާމަވޯޓެއް ބާއްވައިގެންނެވެ.
ޙާދިޘާ ހިނގާދިޔަގޮތް:
މިނިވަން ބަހުސް ތަކުގައި ބައިވެރިވެ އުޅުނު އިސްލާހީ ހަރަކާތުގެ ބައިވެރިން ތަފާތު ފަހަރުމަތިން، ތަފާތު ތުހްމަތު ތަކުގައި ސަރުކާރުން ހައްޔަރު ކުރަމުން ގެންދާން ފަށައިފިއެވެ. ގާނޫނު އަސާސީއަށް ގެންނަން ފެންނަބަދަލުތަކާ މެދު ރައީސް މައުމޫނު އެދިވަޑައި ގަނެގެން ކުރަމުން ގެންދިޔަ ބަހުސްތަކާމެދު ސަރުކާރުން ސިހުންވެ، ބިރުގަނެއްޖެއެވެ. އެމަސައްކަތުގައި ފާޅުގައި އުޅުއްވާ ސިޔާސީ މީހުންތައް ހައްޔަރު ކުރަން ފަށައިފިއެވެ. އެމީހުންގެ ޖަގަހައަކީ ދޫނިދޫ ޖަލުގެ ކުޑަގޮޅިތައް ކަމުގައި ހަދަންފަށައި ފިއެވެ.
ފާޅުގައި ފުރަތަމަ ފަހަރަށް މައުމޫނު އިސްތިއުފާގެ ބޯޑެއް ހިއްލައިލުން:
މިގޮތުން ބޭއްވުނު، ދެވަނަ މިނިވަން ބަހުސުގައި ފާޅުކަން ބޮޑުކޮށް ރައީސް މައުމޫގެ އިސްތިޢުފާއަށް އަޑުއުފުލާއި ބްރިސަލް ކަރުދާހުގެ ބޯޑެއް ހިއްލާލެއްވި، ކުޅުދުއްފުށީ އަބްދުއްރަޝީދު، އަބުސީ އާއި އޭނާގެ ބޭބެ ހޮލޯގްރާމް ފޮޓޯކޮޕީ ހަދާތަނުގެ ވެރިޔާ، އަލްފާޟިލް އަޙްމަދު އާދަމް، 8 އޯގަސްޓް 2004 ވީއާދީއްތަ ދުވަހު، ދޫނިދޫޖަލަށް ގެންގޮސް ކުޑަގޮޅީގައި ހައްޔަރު ކުރިއެވެ.
އަދި މިނިވަން ބަހުސްތަކުގެ ވީޑިޔޯ ކުރުމުގައި ޢަމަލީގޮތުން އުޅުއްވި، އަލްފާޟިލް ފިރްޝާން ޒާހިރާއި އަލްފާޟިލް ޙުސައިން ރަޝީދު ވެސް ދޫނިދޫ ޖަލަށް ގެންގޮސް، 11 އޯގަސްޓް 2004 ވީބުދަ ދުވަހު ކުޑަގޮޅީގައި ހައްޔަރު ކޮށްފިއެވެ. އަދި، 12 ވަނަ ދުވަހު މިނިވަން ބަހުސްތަކުގައި ހަރަކާތްތެރި ވެލެއްވި އިސްލާހީ އެކްޓިވިސްޓެއް ކަމުގައިވާ، ހ.ވޭވީވޯކް އަލްފާޟިލް މުޙަންމަދު ޔޫސުފް (ފުޅު) އެސްޖެހި ގެލެރީ، ކެފޭގައި އިންނަވަނިކޮށް ސިފައިން އެތަނަށް ވަދެ، ސުވާލެއް ކޮށްލަން ކަމަށްބުނެ އެދުވަހު މެންދުރުފަހުގެ ވަގުތެއްގައި ގެންގޮސް ބަންދުކުރިއެވެ.
ދިވެހި ސިފައިންގެ ފުށުން، މިފަދަ ގޮތްނޭނގޭ ވަޙުޝީ ބަންދުތަކާ އިސްލާހީ ހަރަކާތުގެ ބައިވެރިންނާ ކުރިމަތިވާން ފެށުމުން، ބަންދުވީ މީހުންގެ ޢާއިލާތަކުންނާއި އިސްލާހީ ހަރަކާތުގެ ބައިވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އިހްތިޖާޖުގެ ނުރުހުން ފާޅުކުރުންތައް އެކިގޮތްގޮތަށް ބާއްވަން ފެށުނެވެ. އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުންތައް ކަންބޮޑުވެ އަވަސް ހަރަކާތަށް ކުރިމަތިލާން ފަށައިފިއެވެ.
އިސްލާހީ ހަރަކާތުގެ މީހުންނާއި މައުމޫނު ސަރުކާރުން ވާހަކަދައްކަން ފެށުން:
މިގޮތުން ދޫނިދޫ ކުޑަގޮޅީގައި ބަންދުވެފައި ތިއްބެވި، އެކްޓިވިސްޓުން މިނިވަން ކުރުމުގެ ގޮތުންނާއި ޚާއްސަ މަޖިލީހުގެ މަސައްކަތްތައް ސުލްހަވެރިކޮށް ކުރިޔަށް ގެންދެވޭނެ މަގެއްހޯދާއި ފަހިކުރުމުގެ ގޮތުން، ސަރުކާރުގައި އިސްކޮށް ތިއްބެވި ވަޒީރުންނާއި އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި ލީޑަރުންނާ ދެމެދު ގަލޮޅު އަމީރުއަޙްމަދު ސްކޫލްގައި ޚާއްސަ ސިއްރު ބައްދަލުމުމެއް ބޭއްވުނެވެ. މިއީރައީސް މައުމޫނަށް އެނގިލައްވައިގެން ރޭވުމެއްގެ ދަށުން ހިންގަމުން ގެންދިޔަ ކަމެކެވެ. އާދަމް ޒާހިރު މެންގެ ސިއްރު ޕްލޭނެވެ.
އަދި އެބައްދަލުވުމާ ގުޅޭގޮތުން މެންބަރުންނަށް މަޢުލޫމާތު ދިނުމަށް އެހެން ބައްދަލުވުމެއް، މއ.ބޯގަންވިލާ ގައި ބޭއްވުނެވެ. ބޯގަންވިލާގައި އޮތްބައްދަލުވުން ބޭއްވުނީ، 12 އޯގަސްޓު 2004 ވީބުރާސްފަތި ދުވަހުގެރޭ، 8:00 ގައެވެ. މިބައްދަލުވުމަށް އިއްޒަތްތެރި މެމްބަރުންނަށް ފޯނުންދައުވަތު އެރުމުމަށް އަޅުގަނޑަށް އެންގެވީ ބޯގަންވިލާ އިބްރާއެވެ.
އެގޮތުން ހދ.މެމްބަރު އަޙްމަދުޢާދިލް މެންފަދަ މެމްބަރުންނަށް ބޯގަންވިލާއަށް ހާޒިރުވެ ދެއްވުންއެދި، އަޅުގަނޑު އެފަދަ ބޭފުޅުންނާ ގުޅާހެދީމެވެ. ބޯގަންވިލާއަށް ދައުވަތު އެރުވީމެވެ. އެރޭ އިރު އޮއްސުނީއްސުރެން އަޅުގަނޑު އުޅުނީ، މާލޭ މެމްބަރު އަލްފާޟިލް އިބްރާހީމް އިސްމާޢީލް، އިބްރާގެ އޮފީހުގައެވެ. މިއީ މާލޭގެ ރައްޔިތުންގެ ކަންކަން ބެލުމަށް އިބުރާ ހުޅުވާފައިހުރި އޮފީހެކެވެ. އިބުރާ އޮފީހުގައި އިނދެގެން، އަޅުގަނޑު ބައެއް މެމްބަރުންނާ ގުޅާހެދުމަށް ފަހު، ދެން އަޅުގަނޑު ދިޔައީ ގެއަށް ނުގޮސް ސީދާ ބޯގަންވިލާ އަށެވެ.
އޭރު އިރުއޮއްސި، 7 ވަރު ވެދާނެއެވެ. އޭރު، އިބުރާގެ ރައްޓެއްސެއް ކަމުގައިވާ، ހ.ސްވޯރޑް އަލްފާޟިލް މުޙައްމަދު ރާއިދު، ސައިކަލް ފަހަތުގައި އިބުރާ ކޮންމެވެސް ދިމާއަކަށް ނައްޓާލައްވަނީއެވެ. އަޅުގަނޑު ފެނުމުން، މިއަދު ބަންދުވި، މުހައްމަދުފުޅު ދޫކޮށްލުމަށް ފަހު، އެހެން މީހުން ދޫކޮށް ނުލައިގެން އެކަމުގެ ނުރުހުން ފާޅުކުރުމަށް، އަޅުގަނޑުމެންގެ އެކްޓިވިސްޓުންގެ ބަޔަކު ސިފައިންގެ ދޮށަށް ގޮސްއުޅޭތީ އެތަން ބަލާލާފައި އަންނާނެކަމަށް ވިދާޅުވެ، ރާއިދާއެކު އިބުރާ ވަޑައިގަތީ އެދިމާއަށެވެ.
އަޅުގަނޑު މަޑުކުރީ، ބޯގަންވިލާއަށް ވަޑައިގަންނަވާ އިއްޒަތްތެރި ބޭފުޅުންނާ އިސްތިގްބާލުކޮށް އެތެރެއަށް ވެއްދުމަށެވެ. އެސަރަހައްދު މޮނިޓަރކޮށް، ދިރާސާ ކުރެއްވުމުގެ މިބުރަށް ފަހު، އިބުރާ އެނބުރި ވަޑައިގަތީ، އެރޭއަށެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.
އިބުރާއަށް ވަޑައިގެން ނެވުނުއިރު، އދ.މެމްބަރު އަލްފާޟިލް ގާސިން އިބްރާހީމާއި ބ.އަތޮޅު މެމްބަރު އަލްފާޟިލް ޢަލީފާއިޒު ވަޑައިގެން ބޯގަންވިލާ ބޭރުގައި ތިއްބެވިއެވެ. އަދި ޤާސިމްގެ ބޮޑީގާޑަކަށް އުޅުއްވާ ފިކުރީވެސް ތަންކޮޅެއް ދުރުގައި ހުންނެވިތަން ދުށީމެވެ. ދޮރުމަތީގައި އިރުކޮޅަކު ތިއްބަވާފައި ހުރިހާ ބޭފުޅުން ހަމަވުމުން އަޅުގަނޑު ވެސްވަނީ ބޯގަންވިލާ ތެރެއަށެވެ. އެގޭސިޓިން ރޫމަށެވެ.
މިބައްދަލުވުމުގައި އަޅުގަނޑާއި އިބުރާގެ އިތުރުން، މ.ބަގީޗާގޭ އަލްފާޟިލް މުހަންމަދު ޝިހާބާއި ހ.ރޭޑިއަންޓް އަލްފާޟިލް އަހަމްދު ޝަފީޤާއި ތ.އަތޮޅު މެމްބަރު އަލްފާޟިލް ޙަސަންޢަފީފާއި މއ.މަނާގޭ އަލްފާޟިލް އަލީފާއިޒާއި އދ.މެމްބަރު އަލްފާޟިލް ގާސިމް އިބްރާހީމާއި ހ.ހުޅުގަލި އަލްފާޟިލް އިބްރާހީމް ހުސައިން ޒަކީ ބައިވެރިވެ ވަޑައިގަތެވެ.
މިބައްދަލުވުމުގައި އަޅުގަނޑުމެން ސައްލާކޮށް ދެއްކި ވާހަކައަކީ، ސަރުކާރުގެ އިސް ދެވަޒީރުން ކަމުގައިވާ، ޑޮކްޓަރ ޝައުޤީއާއި ޙަމްދޫން ޙަމީދާ ބައްދަލުކޮށް އިބުރާއާއި ގާސިމާ ދެބޭފުޅުން ދެއްކެވި ވާހަކަތަކާ ގުޅޭގޮތުންނެވެ. އަދި ބަންދުގައިތިބި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން ޖަލުގެބަންދުން، މިނިވަން ކުރެވޭނެގޮތެއް ސަރުކާރުގެ މަންދޫބުންނާ ވާހަކަ ދައްކަވައިގެން ހޯދުމަށެވެ. އެރޭ އެވަގުތު ސިފައިންގެ މަރުކަޒުދޮށުގައި މުހައްމަދުފުޅު ދޫކޮށް ނުލައިގެންނާއި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން ގެންދިޔައީ ހަޅޭލަވަމުންނެވެ.
މިމީހުންގެ ޕްރެޝަރުގައި ފުޅު މިނިވަންކޮށް ދޫކޮށް ލިއެވެ. އޭރުރޭގަނޑު، 12 ޖަހާފާނެއެވެ. ފުޅު ދޫކޮށްލިޔަސް އެއްވެފައިތިބި މީހުންތައް އެތަނުން ދުރަށްދާކަށް ބޭނުމެއް ނުވިއެވެ. ހަވަރު ބޭނުންވީ ދެންވެސް ބަންދުގައިތިބި މީހުން މިނިވަން ކުރާށެވެ. ފުޅުގެ އިތުރުން ބަންދުގައި ތިބިމީހުން ދޫކޮށް ނުލައިގެން ނުރުހުން ފާޅުކުރުން، ޖުމްހޫރީ މައިދާނުގެ އުތުރުއިރު ކަންމައްޗަށް ދިމާވާގޮތަށް، އިރުއޮއްސުނީއް ސުރެން ހިނގަމުން ދިޔައެވެ. މިހަރަކާތުގައި ޖުމްހޫރީ މައިދާނަށް ގޮސް އިސްކޮށް ތިއްބެވީ، މ.އޭޝިޔާ މަރިޔަމް މަނިކެއާއި މ.ނެދުންގޭ އައިމިނަތް ނަޖީބާއި މ.ޗާންދަނީވިލާ ޖެނިފަރ ލަތީފާއި އެނާގެ ކޮއްކޮ މާނީ ލަތީފު ފަދަ، އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުންގެ ބައެކެވެ.
މިމީހުން އެދުވަހު ހަވީރު، މއ.ސިލްވަރސީން ނައުޝާދު ވަހީދު ހަސަަން، ނޯބެ ގޭބަންދުގައި ހުންނަވާތީ، ބައްދަލުކުރުމަށް އެގެއަށް ގޮސްތިބެވާފައި އެގެއިން ނުކުމެގެން، ދެން ދިޔައީ ބަންދުގައިތިބި އެކްޓިވިސްޓުން ދޫކޮށްލާތޯ ބެލުމަށް ސިފައިންގެ ދޮށަށެވެ. އެމީހުން ކުރަންވީކަންތަކުގެ ބައިވަރު މަޝްވަރާ އާއި ސައްލާތަށް ނޯބެއާ އެކު ކުރިއެވެ.
އެގަޑީގައި އެގެއަށް ހަވީރުކޮޅު ކުޑަވަގުތުކޮޅަކަށް އަޅުގަނޑަށް ވަދެވުމުން އެމީހުންނާ އެކު ކުޑައިރުކޮޅެއް ލިބުނެވެ. 12 ވީބުރާސްފަތި ދުވަހު ބަންދުކުރި މުހައްމަދުފުޅު ދޫކޮށް ލުމަށްފަހު، ދެންތިބި މީހުން ދޫކޮށް ނުލައިގެން މިމީހުން އެސަރަހުއްދުން ދުރަށް ނުދާނެކަމަށް ބުނެ، އިހްތިޖާޖުކުރަން ފެށުމުން މީހުންތައް އެދިމާއަށް އަންނަމުން ގޮސް ބޮޑުއެއްވުމަކަށް އެރޭ އަށެއްޖެހިއިރު އޮތީވެފައެވެ. ޚާއްސަކޮށް ޢިޝާނަމާދަށް ފަހު، ޖުމްހޫރީ މައިދާނަށް ޖަމާވަމުންދިޔަ މީހުންގެ އަދަދު އެތައްގުނައަކަށް އިތުރުވަމުން ދިޔައެވެ. މީހުންގިނަކަމުން ޓްރެފިކު ހުއްޓޭގޮތް ވުމުން ސިފައިނުކުމެ ހަރަކާތްތެރިވާން ފެށިއެވެ.
އަދި މަގުމައްޗަށް ސިފައިންނުކުމެ ސިފައިންގެ ޙިމާޔަތްކުރުމަށް ސަފުހަދައިގެން އަތްގުޅާލައިގެން ތިއްބެވެ. ސިފައިންގެ ތެރެއިން ބޭރުގައި އެއްވެފައިތިބި މީހުންގެ ފޮޓޯއާއި ވީޑިޔޯނަގަމުން ގެންދިޔައެވެ. މަގުމަތީގައިވެސް މިފަދަ ހަރަކާތްތައް ސިފައިން ހިންގަމުން ގެންދެވިއެވެ. ޖުމްހޫރީ މައިދާނުގައި އެއްވެފައިތިބި މީހުން މަޑުމަޑުން އަމީރު އަޙްމަދު މަގަށް ޖެހެމުންގޮސް ސިފައިންގެ ދޮރާދިމާއަށް ޖެހި އެދިމާ ވަށާލައިފި އެވެ. އެވަގުތު ސިފައިންގެ މައިގޭޓް ކުރިމައްޗަށް ވަރަށްގިނަ ބަޔަކު އެއްވިއެވެ. ހަޅޭލަވަމުން ގެންދިޔައެވެ.
އަދި އެވަގުތު ސައުންޑް ސިސްޓަމް ބޭނުން ކުރައްވައިގެން ސިފައިންގެ އިސްބޭކަލުން އަންގަވަމުން ގެންދެވީ ސިފައިންގެ ގޭޓްކުރިމައްޗަށް އެއްވެފައިތިބި މީހުން ސިފައިންގެ ގޭޓުދޫކޮށް ދުރަށްދިއުމަށެވެ. މޫސާއަލީ ޖަލީލު ވިދާޅުވިއެވެ. [އައްސަލާމު ޢަލައިކުމް. ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން. އަޅުގަނޑަކީ، ބްރިގޭޑިއަރ ޖަލީލު. އެއްވެފާތިބި ބޭކަލުންނޭވެ. ސުލްޙަވެރި ކަމާއެކުގައި ފަހަތަށް ވަޑައިގެން ދެއްވުމަށް ދަންނަވަން. ރައްޔިތުން އެދޭއެދުންތައް ފުރިހަމަކުރާނީ މިގޮތަކަށެއްނޫން. އަޅުގަނޑު މެންގެ ލޮބުވެތި ރައްޔިތުން ފަހަތަށް، ޖުމްހޫރި މައިދާނަށް ވަޑައި ގަތުުމަށް ދަންނަވަން.] މިއަޑާއެކު އެއްވިތިބި ހަވަރުން އެއްއަޑަކަށް ގޮވަމުން ގެންދަނީ، [ހައްޔަރު ކޮށްފައިތިބި މީހުން ދޫކުރޭ. ކުށެއްނެތް މީހުން ދޫކުރޭ.] ތަކުރާރުކޮށް މިފަދައިންނެވެ. އެކިދިމާލުން ހަވަރުގެ އަންބާއަކީ މިއަޑެވެ.
އެއްގޮތަކަށް ވެސް ފަހަތަށް ޖެހުމެއްނެތި ހަވަރުގެންދިޔައީ މިގޮތަށް އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ހ.ދަތުގޭ ޑޮކްޓަރ އިބްރާހީމް ދީދީ ސިޔާސީ ހަރަކާތެއްގައި އުޅުއްވަނިކޮށް ފުރަތަމަ ފަހަރަށް އަޅުގަނޑު ދުށީ މިރެއެވެ. މިއެއްވުމުންނެވެ. ޑީޑީއާ އަޅުގަނޑު ރައްޓެހިވެ ވާހަކަދައްކަންފެށީ ސިފައިންގެ ބޮޑުގޭޓު ކުރިމަތިންނެވެ. މިކަންތައްގަނޑު ފެނިހަވަރު ވަރުގަދަވެ ހަވަރަކަށްވީއިރު، އިސްލާހީ ހަރަކާތުގައި އިސްކޮށް ތިއްބެވި ހުރިހާ، މެމްބަރުން ތިއްބެވީ ބޯގަންވިލާގައި އޮތް ސިޔާސީ ބައްދަލުވުމު ގައެވެ.
މިއީ އިބްރާހީމް އިސްމާޢީލް (އިބުރާ) ގެބުއްދީން ކުރިޔަށް ގެންދިޔަ ބައްދަލުވުމެކެވެ. އަޑީގައި ތިއްބެވީ، އެންދެރިމާގޭ އިލްޔާސާއި ބުރުމާ ގާސިމެވެ. އެބައްދަލުވުން ރަނގަޅަށް ހިނގައި ނުގަންނަނީސް، ޤާސިމަށް މަތީފަރާތަކުން ޚާއްސަ ކޯލެއް އައިސްގެން އެކަމާ ޤާސިމް ސަމާލުވެއްޖެއެވެ. މިކޯލުގެ ތަފްސީލް ޤާސިމު ދެއްވަމުން އަޅުގަނޑު މެންނަށް ވިދާޅުވެދެއްވީ ވަރަށް ގިނަބަޔަކު ޖުމްހޫރީ މައިދާނަށް އެއްވެ ބަންދުގައި ތިބި މީހުން ޖަލުންދޫކުރުމަށް ގޮމަވުންދާތީ، އެތަނަށް ހަވަރުއެއްވެ މުޅިއެސަރައްދުގެ މަޞްލަޙަތު ގެއްލެމުން ދާތީ، ހަވަރު ރޫޅާލައި އެމީހުންގެ ގެތަކަށް ފޮނުވާލަ ދިނުމަށް އެހީތެރިވުމަށް އަޅުގަނޑުމެން އެންމެން އެތަނަށް ގޮސް އެހީތެރި ވެދިނުމަށް ރައީސް މައުމޫނު އެދިވަޑައި ގަންނަވާ ކަމަށެވެ.
މިކަމުގައި މިނިސްޓަރ އިލްޔާސްގެ އެހީތެރިކަން ވެސް ފުރިހަމައަށް ލިބޭނެއެވެ. އަޅުގަނޑުމެން އެންމެން އަވަހަށް ޖުމްހޫރީ މައިދާނަށް ދާންވީއެވެ. ދެން އަޅުގަނޑުމެން އެންމެން ވެސް ދިޔައީ ބޯގަންވިލާގެ ބައްދަލުވުން ހުއްޓާލާފައި ޖުމްހޫރީ މައިދާނަށެވެ.
އޭރު ދިހައެއް ޖަހަން ކައިރިވެދާނެއެވެ. އަޅުގަނޑު އެރޭއެމައިދާނަށް ދިޔައީ ރައިސް މައުމޫގެ ފަރާތްޕުޅުން އޭރުގެ އިންފޯމޭޝަން މިނިސްޓަރ ކަމުގައި ހުންނެވި، ސަމަރުބްލޫ އިބްރާހީމް މަނިކު، ޤާސިމަށް ގުޅުއްވާފައި ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ދިއުމަށް ރައީސް މައުމޫނު އެދިވަޑައިގެންފި ކަމަށް ޤާސިމް ވިދާޅުވުމުން އޭނާގެ ބަހަށެވެ.
ހަވަރަށް ނަޞޭޙަތްތެރިވެ އެސަރަހައްދުގައި މަޞަލަޙަތު ގައިމްކުރެވޭތޯ އެހީތެރިވުމަށެވެ. ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވެ ބަޣާވާތެއް ކުރާކަށެއް ނޫނެވެ. ސަރުކާރު ފުރޮޅާލާކަށް ނޫނެވެ. އިންގިލާބުކޮށް ލާކަށްނޫނެވެ. މިއީ ތެދުހަގީގަތެވެ. އަދި މިއީ ކަޅުހުކުރު ޙާދިޘާގެ ފެށުމެވެ. އަދި ސިފައިންނަް އަހުރެން ދިނީ މިބަޔާނެވެ. މިގޮތަށެވެ.
މޫސާ ލަޖީލާއި ސިފައިންގެ ބޭކަލުން މަސައްކަތް ކުރެއްވީ، ސިފައިންގެ ކުރިމަތީން ހަވަރު ފަހަތަށް ޖައްސާއި ޖުމްހޫރޫ މައިދާނަށް ގެންދާށެވެ. އެގޮތުގެމަތިން ރައްޔިތުން އެދޭއެދުންތައް ފުރިހަމަކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ބަންދުގައި ހުންނެވި މުހައްމަދުފުޅު މިނިވަންކޮށް ދޫކޮށްލެއްވިއެވެ. މިވަރުން ވެސް ސިފައިންގެ ބޭކަލުންނަށް ހަވަރު ކޮންޓްރޯލް ނުވުމުން، އިލްޔާސް އިބްރާހީމާއި ގާސިމާއި އިބުރާވެގެން، ހަވަރު ޖުމްހޫރީ މައިދާނާ ހަމައަށް ފަހަތަށް ޖެއްސޭތޯ މަސައްކަތް ކުރެއްވިއެވެ.
މިގޮތުގެ މަތިން އިބުރާގެ ބުއްދިން އެންމެން އޭނާ ސައުންޑު ސިސްޓަމް ހިފައިގެން ބޮޑުދިދަބުޑުގައި ހަދާފައިހުރި ރޮސްޓަމަށް ދިއުމުން، ސިފައިންގެ މައިގޭޓު ކުރިމައްޗަށް ސިފައިން ނުކުމެ ކޮންޓްރޯލްކޮށް ސިފައިންގެ ބާރާއި ބެލުމުގެ ދަށަށް ގޭޓުގެ ކުރިމަތި ވެސް ގެނެވުނެވެ. މިތިންބޭފުޅުން ވެސް ވާހަކަ ދެއްކެވީ ސިފައިން އިންތިޒާމް ކޮށްދިން ސައުންޑް ސިސްޓަމަކުންނެވެ.
މިބޭފުޅުންވެސް އެދިވަޑައިގަތީ ޞުލަޙަވެރިކަމާއެކު ކަންތައްތައް ކުރުމަށެވެ. ނަޞޭޙަތްތެރި ވެވަޑައިގަތީ ސިފައިންގެ މައިގޭޓް ކުރިމައްޗަށް އެއްވެފައިތިބި މީހުން އެސަރަހުއްދުން ދުރަށްދިއުމަށެވެ. އެހެންނަމަ ވެސް އެއްވެފައިއޮތް ހަވަރުގޮވަމުން ދިޔައީ ސިފައިން ގަވާއިދާޚިލާފަށް ހައްޔަރު ކޮށްފައިތިބި މީހުން ދޫކޮށްނުލަނީސް އެތަނުން އެއްފިޔަވަޅުވެސް ދުރަށް ނާޅާނެކަމަށެވެ. މިތަނުން ދުރަށްދާނީ ބަންދުގައިތިބި މީހުންގޮވައިގެން ކަމަށެވެ.
ދެން ސިފައިން މަޝްވަރާކުރުމަށް ފަހު، ނިންމެވީ ބަންދުގައިތިބި މީހުންތައް ދޫކޮށްލާށެވެ. މުހައްމަދުފުޅު ދޫކޮށްލެއްވުމަށް ފަހު، ދޫނިދޫގައިތިބި މީހުން މިހާރުދޫކޮށްލީއޭ، އެމީހުން މާލެ އަންނަލޯންޗް ބޮޑުފާލަން ކައިރިން ފެންނާނެ ކަމަށް ބުނަންފެށީ ހަވަރުގެ ސަމާލުކަން އެދިމާއަށް ގެންގޮސް ބޮޑުފާލަމާ ދިމާއަށް ހަވަރު މީހުންގަނޑު ޖައްސާލުމަށެވެ.
ސިފައިންގެ ފަރާތުން އިއުލާނު ކުރެއްވީ “ފަހަރެއްގައި މިހާރުވެސް ތިބޭފުޅުން އުތުރަށް ބައްލަވާލެއްވުމުން، ފެނިވަޑައި ގަންނަވާނެކަން ނޭނގެއޭ، ހައްޔަރުކޮށް ފައިތިބި މީހުން ދޫނިދޫން ގެންނަ ސިފައިންގެ ލޯންޗުގެ އަލި، އެހެން ވުމުން ޖުމްހޫރީ މައިދާނު ތެރެއަށް ފަހަތަށް ޖެހި، ބައްލަވާލެއްވުމަށް ދަންނަމެވެ.” ދޫކޮށްލި މީހުންނަށް މާލެއެރުނީ އެރޭ އެއްގަޑިބައި އެހާއިރުއެވެ.
މިކަމާއެކު ވެސް ހަވަރު އަޑުއުފުލަމުން ގެންދިޔައީ ސިޔާސީ ކުށްވެރިއެއް ގޮތުގައި ބަންދުގައިހުރި ނޯޝާދު ވަހީދު، ނައުބެ ދޫކޮށް ލުމަށާއި ސަންދާނު ކަންތަކުގައި ބަންދުގައިތިބި މީހުން ދޫކޮށް ލުމަށާއި ފުލުހުންގެ ވެރިއަކަށް ހުންނެވި، އާދަމް ޒާހިރުގެ އިސްތިޢުފާ އަށެވެ. ހަވަރު އެއްއަޑަކުން މިހެންގޮވަމުން ގެންދިޔައެވެ.
ސިފައިންނާ އިބުރާމެން ގުޅިގެން މިކަން ކާމިޔާބު ކުރިއެވެ. މިވެރިންގެ އަޑިނޭންގޭ މި ސްޓަންޓުން ރައްޔިތުން ހައްދާލުމާއެކު މިކަން ކާމިޔާބުކުރިއެވެ. ސިފައިންގެ ދޮރުމަތި ހުސްކޮށް ސިފައިންގެ ބާރުދަށަށް މައިގޭޓު އެކުގައި ގެނައެވެ. އަދި ބަންދުކުރި އެންމެން ދޫކޮށް ލިއެވެ.
އަދި ރައްޔިތުން އެދޭއެދުންތައް ވަރަށް އަވަހަށް ސަރުކާރުން އެބަހަމަޖައްސައި ދެއްވާކަމަށް ބުނަމުން ގެންދެވިއެވެ. ސިފައިންގެ ފަރާތުން މިފަދައިން އިއުލާނު ކުރެވުނެވެ. އެހެނަސް މިހުރިހާ ކަމަކާއެކު ވެސް އެއްވެފައިތިބި މީހުންގޮވަމުން ގެންދިޔައީ “ރައްޔިތުން މޮޔަ ހައްދަނީ” ކަމަށްބުނެއެވެ. އެއަޑުތައް އުފުލަމުން ގެންދިޔަވެ.
މިކަންތައްފެށި މިހާހިސާބަށް ދިޔައިރު، އިލްޔާސް އިބްރާހީމާއި ގާސިމާއި ދެމީހުން، އިބުރާލައްވާ ކުޅުވަމުން މިގެންދަވާ ރޯލާމެދު، އަޅުގަނޑުގެ ހިތުތެރޭގައި އޭރުވެސް ސިޔާސީ ވިސްނުންތަކެއް އެނބުރެމުން ދިޔައެވެ. މިދުވަސްވަރުގެ މުޅިމިހަރަކާތަށް ނަޒަރުކުރާއިރު، ޝައްކު އުފެދޭ ކަންތައްތަކެއް ބައިވަރު ފެނިފައި އެބަހުއްޓެވެ.
އިސްލާހީ ހަރަކާތުތެރެއަށް އިބުރާ ލައްވާ ކުޅިތަކެއް އިތުރުކުރައްވަން އަބަދުވެސް ސަމަރޭއާއި އިލްޔާސާއި ގާސިމާ މިކޭންޕުން މަސައްކަތް ކުރަމުން ގެންދާއިރު ފަތުޙުﷲ އާއި ޢަބްދުﷲ ޙަމީދާއި ޔާމީނާއި ޒާހިރު ޙުސައިން މެންފަދަ އަރިސްބޭފުޅުން، އާދަމްޒާހިރު ލައްވާ ސިޔާސީ ކުޅިތައް ކުޅުވަމުން ގެންދާކަން ފާހަގަ ކުރެވިފައި ހުއްޓެވެ.
އާދަމް ޒާރިތުގެ ރޭވުންތައް ރޭވުމުގައި މުގުލުގައި ހުންނެވީ ކުޅަދާނަޔާމީނެވެ. އޭނާގެ ސިޔާސީ ވިސްނުން މިމީހުނަށްވުރެ މަތިކަން ފާހަގަވެއެވެ. މިދެކޭންޕްގެ ކަންތައް ވަކިވަކިން ރާވާއިދީ ހިންގަވާ ސިޔާސީ މޭސްތިރިއަކަށް ހުންގާނުގައި ހުންނަނީ ރައީސް މައުމޫނު ކަންވެސް ސާފުކޮށް އެނގެއެވެ.
އެހެން ވުމުން މިއިން ކޮންމެ ސިޔާސީ ކަންތައްގަނޑެއްގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ ރޭވުންތަކެއް ހުންނަކަން މިކަމުގެ އެތެރޭގައި އިސްކޮށް އުޅުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ފާހަގަކުރެވިފައި ހުއްޓެވެ.
މިވާހަކަތައް އަޅުގަނޑު މިލިޔަނީ ދިވެހި ކިޔަވާ ކުދިންނަށް ފަހުޒަމާނުގައި މިދިރާސާތައް ހެދުމަށް ފަސޭހަކުރުމަށެވެ. ހަގީގީ ވާހަކަތައް ދަނީ ސިޔާސީބޭނުމުގައި ބާރުގައި ތިބޭފަރާތްތަކުން ފޮރުވަމުންނެވެ. އެހެންވެ، ފަހަރުގައި މިލިޔުންތައް ކިޔާފައި މިކަންކުރާނެ ކުދިބަޔަކު މުސްތަގުބަލުގައި ތިބެދާނެތީއެވެ.
ހާދިސާއައި ގުޅިގެން މޫސާޖަލީލު ތަހުގީގަށް ދެއްވި ބަޔާން:
އެދުވަސްވަރު، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ބްރިގޭޑިއަރެއްގެ މަޤާމުގައި ހުންނެވި، ދިވެހި އައިޑީކާޑް ނަމްބަރު: A-034291 އުފަންދުވަސް: 26. 06. 1960 ހ.ރާޅާހާ އަލްފާޟިލް މޫސާޢަލީޖަލީލް، ލީގަލް އޮފިސަރ އަލްއުސްތާޒާ ދީނާ ހުސައިނަށް މިޙާދިޘާއާގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.
“އަޅުގަނޑަކީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސް (އެން އެސް އެސް) ގައި ވަޒީފާ އަދާކުރާތާ، 24 (ސައުވީސް) އަހަރުވެ، މިހާރު ބްރިގޭޑިއަރގެ މަޤާމްގައި ހުރިމީހެކެވެ. އަދި، 10 މެއި 2000 ން ފެށިގެން އަޅުގަނޑަކީ، ކުއިކް ރިއެކްޝަން ފޯސް، 3 (ކިއު އާރް އެފް،3) ގެ ކޮމާންޑިންގް އޮފިސަރެވެ. 12 އޯގަސްޓް 2004 ގެ އިރާކޮޅު އަޅުގަނޑު އެންއެސްއެސްގެ ހެޑްކުއޯޓަޒްގައި (ބަންޑާރަ ކޮށީގައި) އުޅެނިކޮށް، މެއިންގޭޓް ޑިއުޓީގައިތިބި، ކިއުއާރުއެފް، 3 ގެސިފައިން، ރިޕޯޓްކުރުމާ ގުޅިގެން ބަޔަކުމީހުން ޖުމްހޫރީ މައިދާނަށް އެއްވަމުން ދާކަން އެނގުނެވެ. އޭރުގަޑިންވާނީ ގާތްގަނޑަކަށް، 19:10 ހާއިރެވެ.
މިމަޢުލޫމާތު ލިބުމާގުޅިގެން އަޅުގަނޑު އެތަނަށް ނިކުމެ ވަމުންދާގޮތް ބަލަމުން ދިޔައީމެވެ. ޖުމްހޫރީ މައިދާނުގެ އުތުރުފަރާތުގައި އާދަޔާޚިލާފަށް މީހުންގިނަ ވެފައިވެއެވެ. އެމީހުން ތެރޭގައި މ.އޭޝިޔާ މަރިޔަމް މަނިކެ، މ.ނެދުންގޭ އައިމިނަތު ނަޖީބު، މ.ޗާންދަނީވިލާ ޖެނީފަރ ލަތީފް ދުށީމެވެ. މަދުމަދުން މީހުން އެއްވަމުންގޮސް ގާތްގަނޑަކަށް، 10:00 ގައި ޓްރެފިކަށް ދަތިވާވަރުވެގެން ފުލުހުން ޓްރެފިކް ކޮންޓްރޯލް ކުރަންއުޅޭތަން ދުށީމެވެ. މަޢުލޫމާތު ސާފުކުރުމުން އެނގުނީ މުޙައްމަދު ފުޅު، ހ.ވޭވީވޯކް ފުލުސްއޮފީހަށް ގެނެވިފައިވާތީ، އޭނާގެ ރައްޓެހިން އެކަމާގުޅިގެން އައިސްތިބީ ކަމަށެވެ. މިފަދަ ކަމެއް ހިންގާކަން އެނގުމުން މިކަމުގެ މަޢުލޫމާތު ސިފައިންނާ ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު ލެފްޓިނެންޓް ޖެނެރަލް އަބްދުއްސައްތާރު އާދަމަށް ދަންނަވާ، އަދި ދޭތެރެދޭތެރެއިން ވަމުންދާގޮތް ދެންނެވުނެވެ. މީގެއިތުރުން އެމަނިކުފާނުވެސް ވަރަށް ގިނަފަހަރު ގުޅުއްވައެވެ.
ޖުމްހޫރީ މައިދާނަށް އެއްވިވަރަށް ގިނަބަޔަކު ދެންފެނުނީ، ޕޮލިސް ހެޑްކްއޯޓަޒް ދޮށަށް އެއްވިތަނެވެ. އަދި މުހަންމަދު ފުޅު ދޫކޮށްލުމަށް ގޮވަމުން ދާތަނެވެ. އެރޭގެ، 10:23 ހާއިރު މިޙައްމަދު ފުޅު ދޫކޮށްލުމުން ވެސް އެއްވެފައިތިބި މީހުން ޕޮލިސް ހެޑްކްއޯޓަޒް ދޮށުން ދުރަށް ދިއުމުގެ ބަދަލުގައި އިތުރު، 4 މީހަކު ދޫކުރުމަށް ގޮވަމުން ދިޔައެވެ. ގާތްގަނޑަކަށް، 11:00 އެހާކަށްހާއިރު އެއްވެފައިތިބި މީހުން އެންއެސްއެސް ހެޑްކްއޯޓަޒް ދޮށަށް އަންނަން ފަށައިފިއެވެ. މިމީހުންތައް ދިޔައީ ގިނަވަމުންނެވެ. ރައްޔިތުންގެ ޚާއްސަ މަލިސްގެ މެމްބަރުންގެ ތެރެއިން ބ.އަތޮޅުގެ އެއްމެމްބަރު މއ.މަނާގޭ އަލީފާއިޒު، ތ،އަތޮޅުގެ އެއްމެމްބަރު ގ.ބާނި ޑޮކްޓަރ ހުސައިން ރަޝީދު ޙަސަން، ސ.އަތޮޅުގެ އެއްމެމްބަރު ގ.ހަސަންކައިރިގޭ ޑޮކްޓަރ މުނައްވަރު، އދ.އަތޮޅުގެ އެއްމެމްބަރު ހ.ހުޅުގަލި އިބްރާހީމް ހުސައިން ޒަކީ، ދ.އަތޮޅުގެ އެއްމެމްބަރު މުޙައްމަދު ޝިހާބު، އދ.އަތޮޅުގެ އެއްމެމްބަރު މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް، ޅ.އަތޮޅު އެއްމެމްބަރު މ.ސަނީލޮޖް،3 އިބްރާހީމް މުޙައްމަދު ޝާލިޙް، ހދ.އަތޮޅުގެ އެއްމެމްބަރު މ.އުނިމާގޭ އަޙްމަދު ޢާދިލް، އަދި މާލޭގެ އެއްމެމްބަރު މއ.ބީގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) ރައްޔިރުން މަޖިލީހުގެ ދ.އަތޮޅު އެއްމެމްބަރު ކަމުގައިވާ މުޙައްމަދު ޝިހާބާއި މާލޭގެ އެއްމެމްބަރު ކަމުގައިވާ މ.އަލިވާގޭ އިލްޔާސް އިބްރާހީމް (މިނިސްޓަރ އޮފް ޓުރާންސްޕޯޓް އެންޑް ސިވިލްއެވިއޭޝަން) ސިފައިންގެ ހެޑްކްއޯޓަޒް ދޮށުން ދުށީމެވެ.
އަދި މީހުންތައް ކޮންޓްރޯލް ކުރައްވާ ޞުލްޙަވެރިކަމާއެކު އެއްވެފައިވާ އެއްވުން ނިއުޅާލައްވާ މީހުންތައް ފޮނުވާލެއްވޭތޯ ޤާސިމް އިބްރާހީމާއި އިލްޔާސް އިބްރާހީމާއި އިބްރާހީމް އިސްމާޢީލް (އިބުރާ) ސިފައިންގެ ކުރިމަތިން ޕަބްލިކް އެނައުންސްމެންޓް ސިސްޓަމް (ޕީ.އޭ ސިސްޓަމްސް) ބޭނުން ކުރައްވައިގެން ވާހަކަ ދެއްކެވިއެވެ. ނަމަވެސް މީހުންތައް އެއްގޮތަކަށްވެސް ދުރަށްދާކަށެއް ބޭނުމެއް ނުވިއެވެ. އަދި އެރޭދަންވަރު، 2:00 ހާއިރު މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު ލެފްޓިނަންޓް ޖެނެރަލް އަބްދުއްސައްތާރު އާދަމް އެންގެވުމުން އެންއެސްއެސްގެ ހެޑްކުއޯޓަޒްގެ ބޮޑުގޭޓް ދޮށުގައި ހުރެގެން އެތާކުރިމައްޗަށް އެއްވެފައިތިބި މީހުންނާ ވާހަކަދައްކަން އަޅުގަނޑު މަސައްކަތް ކުރީމެވެ.
އަޅުގަނޑު ފުރަތަމައިނުން މަސައްކަތްކުރީ އެއްވެފައިތިބި މީހުން މަޑުމައިތިރިކޮށް އެންއެސްްއެސް ހެޑްކުއޯޓަޒްގެ ބޮޑުގޭޓާދުރަށް ގެންދެވޭތޯއެވެ. މިގޮތުން ވަރަށްގިނަ ވާހަކަ ދެއްކުމުން ވެސް އެތާއެއްވެފައިތިބި މީހުންގެ ކިބައިން މާބޮޑު އިޖާބައެއް ނުލިބުނެވެ. އަދި ފުރަތަމައިނުން މިޕީއޭ ސިސްޓަމުން ވާހަކަދެއްކެވީ އެތަނަށް ދުރުވެތިއްބެވި ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ މެމްބަރުންނެވެ. ވާހަކަދެއްކި ބޭފުޅުންގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވެނީ އދ.އޮޅުގެ މެމްބަރު މ.މާފަންނުވިލާ ޤާސިމް އިބްރާހީމާއި މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އެވެ. އަދި އިލްޔާސް އިބްރާހީމް ވެސް އެއްވެތިބި މީހުން ޞުލްޙަކުރައްވާ ފޮނުވާލެވޭތޯ ވަރަށް ގިނަފަހަރު މެމްބަރެއްގެ ހައިސިއްޔަތުން ވާހަކަ ދެއްކެވިއެވެ.
އެރޭގާތް ގަނޑަކަށް، 2:30 ކަންހާއިރު އިބްރާހީމް އިސްމާޢީލް (އިބުރާ) އާއި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ދުރުވެ، އެއްވެފައިތިބި މީހުން ދުރަށްގެންދެވޭތޯ މަސައްކަތް ކުރެއްވޭތޯ ބެއްލެވުމަށްޓަކައޭ ބުނުއްވާ، ޕީއޭ ސިސްޓަމް ގެންދެވިއެވެ. އޭގެފަހުން އިބްރާހީމް އިސްމާޢީލް (އިބުރާ) ރައްޔިތުން ބޭނުންވާ ކަންތައްތައް ލިޔަން ހިނގާށޭ ކިޔުއްވާ، ޕީއޭ ސިސްޓަމުން އޭނާ ވިދާޅުވިއަޑު އަޅުގަނޑު އެހީމެވެ. އަދި އެވަގުތުއޭނާ އިށީދެގެން އިންނެވީ ބޮޑުދިދަބުޑުގައި ބަހައްޓާފައިހުރި ގޮނޑިއެއްގައެވެ. އަދި މިޙާދިޘާގައި ނެގިފައިވާ ވީޑިޔޯއެއްގައި އިބްރާހީމް އިސްމާޢީލް (އިބުރާ) ބޮޑުދިދަބުޑުގައި ގޮނޑިއެއްގައި އިންނަވައިގެން ލިސްޓެއް ތައްޔާރު ކުރައްވާތަން ފެނެއެވެ. އަދި އެވަގުތުއޭނާ ކައިރީގައި (އިބްރާހީމް އިސްމާޢީލްގެ) ވާތްފަރާތުގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަނާއި އިބްރާހީމް މުޙައްމަދު ޞާލިޙް ހުންނެވިތަން ފެނެއެވެ.
އެހެންކަމުން ލިޔުން ތައްޔާރު ކުރައްވާފައިވަނީ މިފަރާތްތަކުންކަން ވަރަށްބޮޑަށް ޔަޤީންވެއެވެ. ޤާނޫނީގޮތުން އުފެދިފައިވާ ދިވެހި ސަރުކާރާދެކޮޅަށް ޖުމްހޫރީ މައިދާނަށާއި އެންއެސްއެސް ހެޑްކުއޯޓަޒަށައި، އަދި ޕީއެޗްކިޔޫ ދޮށަށް ގިނަޢަދަދެއްގެ ބަޔަކު، 12 އޯގަސްޓް 2004 ދުވަހުގެ ރެއާއި، 13 އޯގަސްތް 2004 ދުވަހު އެއްވެ، ޤާނޫނާޚިލާފް ޢަމަލުތަކެއް ހިންގަމުން ދިޔައިރު، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންވަނީ ޣައިރުޤާނޫނީ ޢަމަލުތައް ހިންގަމުންގެންދިޔަ ދިވެހިންގެ ފަރާތުން އެބައިމީހުން ޙާޞިލްކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓެއް (މީނާ ބުނުއްވި ގޮތުންވިއްޔާ ޑިމާންޑުތައް) ދިވެހި ސަރުކާރާ ޙަވާލު ކުރުމަށްޓަކައި، 12 އޯގަސްޓް 2004 ދުވަހުގެރޭ ގާތްގަނޑަކަށް، 3:00 ގައި އެންއެސްއެސްގެ ހެޑްކުއޯޓަޒްގެ ދޮރުމަތީގައި އަޅުގަނޑު ހުއްޓާ ގެނެސް ދެއްވާފައެވެ.
ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، އެލިސްޓް އަޅުގަނޑާ ޙަވާލުކުރެއްވިއިރު އޭނާއާއެކު އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ދުރުވިއެވެ. އަދި މިދެމީހުންގެ ފަހަތުގައި އަޙްމަދުޢާދިލް ހުންނެވިއެވެ. މިލިޔުން އަޅުގަނޑާ ޙަވާލުކުރެއްވިއިރު އަޅުގަނޑުގެ ކައިރީގައި މޭޖަރ ޢަބްދުﷲ ޝަމާލް (ސނ: 1089) އާއި ސާރޖެންޓް ޢަދުނާން ޢުޘްމާން (ސނ: 3001) ތިއްބެވިއެވެ. މިދެންނެވި ދެބޭކަލުންވެސް، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ދެއްވީ، ޣައިރުޤާނޫނީ ޢަމަލުތައް ހިންގަމުން ގެންދިޔަ މީހުންގެ ފަރާތުން ސަރުކާރަށް ހުށަހެޅި ޑިމާންޑް ލިސްޓެއްކަން އެނގިލައްވާނެއެވެ. މިހެންމިދެންނެވީ، އަޅުގަނޑު އަތަށް ލިސްޓުދެއްވަމުން، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ވިދާޅުވެފައި ވަނީ، އެލިސްޓްގައި ވަނީ، އެމީހުންގެ ޑިމާންޑަތައް ކަމުގައެވެ.
އަދި ޖަވާބުގައި އަޅުގަނޑު ދެންނެވީ، އަޅުގަނޑުގެ ވެރިންނަށް ތިޔަލިސްޓް ރައްދުކޮށް ދޭނޭކަމަށެވެ. ޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެފައިވާ މީހުންގެ ހިތްތަކަށް، ދިވެހި ސަރުކާރާ ދޭތެރޭ ނަފްރަތުކަން އިތުރު ކުރުމަށްޓަކައި އެކިފަހަރުމަތިން ޖަލުގައިއެކިއެކި އަނިޔާތަށް ލިބުނުކަމަށްބުނެ އެކިމީހުން ވާހަކަދައްކަމުން ގެންދިއުމުގެ އިތުރުން، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަންވާ އިތުބާރު ގެއްލުވާލުމަށް ސަރުކާރުން ނިންމަވާ ނިންމެވުން ތަކަކީ، މުޅިންވެސް ޢަދުލް އިންސާފެއްނެތް ކަންތައްތަކެއްކަން، ޕީއޭ ސިސްޓަމުން އަޑުހަރުކޮށް ރުޅިވެރިކަމާއެކު ފާޅުކުރަމުން އެކިމީސްމީހުން ގެންދިޔައެވެ. މިގޮތަށް ވާހަކަދެއްކި މީހުންގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެކަކީ، މއ.ސިލްވަރސީން ނައުޝާދު ވަހީދެވެ.
އެއްވެތިބި މީހުންގެ ރުޅިގަދަވެ އިންތިހާއަށް ނުކިޔަމަންތެރި ވެފައިވާތީ، ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ގެނެސްދެއްވި ޑިމާންޑް ލިސްޓް ހިފައިގެން އަޅުގަނޑު ފުރަތަމަ ދިޔައީ މިމީހުން މަޑުމައިތިރި ކުރެވޭތޯ މަސައްކަތް ކުރަންވެގެން ބޮޑުދިދަދޮށަށެވެ. ޑިމާންޑްލިސްޓް އަޅުގަނޑަށް ލިބުނު ވަގުތަކީ، އެއްވިތިބި މީހުންގެ ރުޅިވެރިކަން އިންތިހާދަރަޖައަށް ގެންދިއުމަށްޓަކައި ޖަލުގައިގިނަ އަނިޔާތަކެއް ލިބުނުކަމަށްބުނެ ސަރުކާރުގެ އިސްމަޤާމު ތަކުގައި ތިއްބެވި ވެރިންގެ އިސްތިޢުފާއަށް އެކިމީހުން، ޕީއޭ ސިސްޓަމުން ގޮވަމުންދިޔަ ވަގުތައްވެފައި، އެއްވެތިބި މީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރެވޭތޯ ވާހަކަ ދެއްކުމުގެ ނިޔަތުގައި ޕީއޭ ސިސްޓަމް، ޞުލްޙަ ވެރިކަމާއެކު އަނބުރާ ގެނެވޭތޯ ބަލަން އަޅުގަނޑު މަސައްކަތް ކުރީމެވެ. އެއްވެފައިވާ މީހުންގެ ޢަދަދު ވަރަށްގިނައެވެ. އަދި އެއްވެތިބި މީހުންގެ ތެރޭގައި އިސްވެ ހަރަކާތްތެރިވީ ކޮންބައެއްކަން ޕޮލިސް ހެޑްކްއޯޓަޒް، އަދި އެންއެސްއެސްގެ ސީސީޓީވީ ތަކުގެ ފައިލްތަކުން ފެންނަން އެބަހުއްޓެވެ.
ޖުމްހޫރީ މައިދާނާއި މައިދާނުގެ ވަށައިގެންވާ ހުރިހާ މަގުތައްވަނީ މުޅިންފުރި ބާރުވެފައެވެ. މިފަދަ ވަގުތެއްގައިވެސް އެއްވެތިބި މީހުންނާ ވާހަކަދެއްކުމުން އެބައިމީހުންގެ ރުޅިވެރިކަން ކޮންޓްރޯލް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ އެގޮތުގެމަތިން މަސައްކަތް ކުރީމެވެ. މިތަނުގައި ހިނގާދިޔަ ހުރިހާކަމެއް އެންއެސްއެސް ހެޑްކްއޯޓަޒްގައައި، އަދި ޕީއެޗްކިޔޫ ބޭރުގައި ހަރުކޮށްފައިހުންނަ ސީސީޓީވީ ކެމެރާތަކަށާއި ނެގިފައިވާ ވީޑިޔޯތަކުން ފެންނަން ހުންނާނެއެވެ. ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން ގެނެސްދެއްވި ޑިމާންޑްލިސްޓް ވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑު ނޭޝަނަލް ސެކިއުރިޓީ، އަދި ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާގެ ނައިބު، ލެފްޓިނެންޓް ޖެނެރަލް ޢަންބަރީ ޢަބްދުއްސައްތާރު އާދަމާ ޙަވާލުކުރެވި ފައެވެ.
މީގެފަހުން އަޅުގަނޑު މަސައްކަތްކުރީ، އެއްވެތިބި މީހުން ފޮނުވާލެވޭތޯއާއި އެތަނުގެ މަޞްލަޙަތު ވީވަރަކުން ބެލެހެއްޓޭ ތޯއެވެ. ޞުލްޙަ ވެރިކަމާއެކު އެއްވެފައިވާ އެއްވުން ނިއުޅާލާ ސަރަހައްދުން ދުރަށްދިއުމަށް އެއްވެފައިތިބި މީހުންނަށް އިލްތިމާސް ކުރެވުނެވެ. ހުއްޓުމެއްނެތި އަޑުގަދަ ކުރާއިން ސާބިތުކަމާއެކު ނަޞޭޙަތްތެރި ވެވުނެވެ. މީގެއިތުރުން އެއްވެފައިތިބި މީހުންތަކުގެ ތެރެއިން އެމީހެއްގެ ނުފޫޒު ފޯރުވައިގެން އެއްވެފައިތިބި މީހުން ޞުލްޙަވެރި ކަމާއެކު ފޮނުވާލެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ މީހުންކައިރީގައި ވަކިވަކިން ބުނެގެންވެސް މީހުންތައް ފޮނުވާލެވޭތޯ ބެލުނެވެ. އެކިގޮތްގޮތުން ސަރުކާރުން މަސައްކަތް ކުރައްވައި ގެންވެސް ޞުލްޙަވެރި ކަމާއެކު ނުގޮސްތިބެ، ނޭއްގާނީ ޢަމަލުތައް ހިންގަން ފެށުމުން ރައީސުލް ޖުމްހޫރިއްޔާގެ އޯޑަރަށް ސިފައިންނުކުމެ ގަދަކަމުން އެއްވުން ރޫޅާލެވެންދެން ވެސް ޕީއޭ ސިސްޓަމުން ނަޞޭޙަތްތެރި ވެވުނެވެ. މިއީ އެއްވެސް މަޖްބޫރުކަމެއްނެތި އަޅުގަނޑު ދީފައިވާ ތެދުބަޔާނެކެވެ.”
އިނގިލީގެ ނިޝާނާއި ސޮއި، ކުރައްވާފައި ވަނީ، ބްރިގޭޑިއަރ މޫސާ ޢަލީ ޖަލީލެވެ. ބަޔާން ނަގާފައިވަނީ، ލީގަލް އޮފިސަރ އަލްއުސްތާޒާ ދީނާ ޙުސައިންއެވެ. އަޑުއެހީ، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަޙްމަދު ޙާފިޒާއި ސެކްރެޓަރީ އަލްފާޟިލާ އާމިނަތް ޒާހިރާއެވެ. މިނިސްޓްރި އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، މާލެ ގައެވެ. މިބޭފުޅުން މިބަޔާން ނަގާއި ސޮއި ކުރުވާފައިވާ ތާރީޚަކީ، 25 އޯގަސްޓް 2004 ގައެވެ.
މިޙާދިޘާގައި އެއްވެފައިތިބި ހަވަރުގެ ބޭނުންތަކާއި އެދުންތައް، އިބުރާއާއި އެތަނުގައި އިސްކޮށް ތިއްބެވި ހަރަކާތްތެރިން ވެގެން، އެކިމީހުންނާ ވާހަކަދައްކައި އޮޅުންފިލުވިއެވެ. އެއްވެފައިއޮތް ހަވަރު ގޮވަމުން ގެންދިޔައީ، ޢަދުލް އިންޞާފު ޤައިމުކުރަން ހުރަސްއަޅުއްވާ އުއްތަމަ ފަނޑިޔާރު އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމާއި ޖަސްޓިން މިނިސްޓަރ ސީނާ އަޙްމަދު ޒާހިރު ވަގުތުން އިސްތިޢުފާ ދެއްވުމަށެވެ. ސިޔާސީ ގޮތުން ހައްޔަރުކޮށްފައާއި ގޭގެބަންދުގައި ތިބި އެންމެހާ ސިޔާސީ ގައިދީން ދޫކޮށްލުމަށް ގޮވާލާއަޑު އުފުލިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޓޮލްސް މިނިސްޓަރ އަލްއުސްތާޒު ޢަބްދުﷲ ޙަމީދާއި ޓްރޭޑް މިނިސްޓަރ ޢަބްދުﷲ ޔާމީނުގެ އިސްތިޢުފާއަށް ހަރުއަޑުން ގޮވަމުންދިޔައެވެ. ފުލުހުންގެ ވެރިޔަކަށް ހުންނެވި އާދަމްޒާހިރު އެމަޤާމުން ވަކިކުރުމަށާއި އޭނާ ހައްޔަރުކުރުމަށް އަޑުއުފުލަމުން ދިޔައެވެ. އަދި ރައީސް މައުމޫނު ރައީސްކަމުގެ މަޤާމުން އިސްތިޢޫފާ ދެއްވުމަށް ގޮވާފައި ވެސް ވެއެވެ. ހަވަރު އަޑުއުފުލަމުން ގެންދިޔަކަންތައް ތަކުގެ ތެރެއިން މުހިންމު ކަންތައް ފާހަގަކޮށް ނޯޓުކުރިއެވެ. އެލިޔުމަށް ދެވުނުނަމަކީ “ރައްޔިތުން އެދޭ އެދުން” މިއެވެ.
ރައްޔިތުންގެ ފަރާތުން ތައްޔާރުކުރެވުނު މިލިޔުން ބްރިގޭޑިއަރ މޫސާ އަލީޖަލީލު އޭނާގެ ބަޔާނުގައި ވިދާޅުވެފައިވާ ފަދައިން އޭނާއާ ހަވަރުގެ ފަރާތުން ހަވާލުކުރިއެވެ. މިލިޔުމަށް ޖަބާބު ދެއްވާނެކަމަށް މޫސާއަލީ ޖަލީލު ވިދާޅުވެ، އޭނާ އެލިޔުން ހިއްޕަވައިގެން ވަޑައިގެންނެވީ ސިފައިންގެ ތެރެއަށެވެ. އެއަށް ފަހު، ޖުމްހޫރީ މައިދާނުގައިތިބި ގިނަބަޔަކުތިބީ ލިޔުމުން ހުށަހެޅި ކަންތައްތަކަށް ސަރުކާރުގެ ފަރާތުން ޖަވާބެއް ލިބުމުގެ އިންތިޒާރުގައެވެ. މިހެންތިބި ތިބުމުގައި އެއްވެތިބި މީހުންގެ ޝުޢޫރުތައް ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ފާޅުކުރަމުން ގެންދިޔައެވެ. މެދުކެނޑުމެއް ނެތިއެވެ.
ހަވަރުގެ ތެރޭގައި ޚާއްސް މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި އިސްލާހީ ހަރަކާތުގެ އެކްޓިވިސްޓުން މިގޮވުންތަކުގައި ބައިވެރިވިއެ، ޢަމަލީގޮތުން ހަރަކާތްތެރި ވިއެވެ. ރައީސް މައުމޫނަށާއި ކެބިނެޓަގައި ހިމެނިވަޑައި ގަންނަވާ ގިނަވަޒީރުންނަށް ފާޑުކިޔާއި އެބޭފުޅުންގެ އިސްތިޢުފާއަށް ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. އެއްވާނެއްގައި މިފެންވަރުގައި ފަތިސްވަންދެން ހިފާއްޓާލިއެވެ. ފަތިސްވެގެން ދިޔައިރު ޖުމްހޫރީ މައިދާން ހިމެނޭ ސަރައްދަށް ޖަމާވަމުންދިޔަ މީހުންދިޔައީ އިންތިހާއަށް އިތުރުވަމުންނެވެ.
އެރޭދަންވަރު ޔާމީނާއި ފަތުޙުﷲ މެން އަޑީގައި ތިއްބަވައިގެން ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ގެންދިޔަ ހަވަރާދެކޮޅަށް އާންމުންގެ ބަޔަކު ޖުމްހޫރީ މައިދާނުގެ ހުޅަގުކޮޅަށް އެއްކުރިއެވެ. އަދި އެރޭދަންވަރު މަސްތުވެފައި ތިބި ޕާޓޭންގެ ގްރޫޕެއް ހަވަރު ތެރެއަށް، ބޮޑުދިދަ ކަނޑާލާއި ވައްޓާލުމަށް އިސްލާހީ ހަރަކާތައިދެކޮޅު މީހުން ފޮނުވައިގެން ހަވަރުތެރެއަށް ވަދެގަނެ ބޮޑުދިދައިގެ ބުޑާހަމައަށް ތަޅާފޮޅަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ދިދަދަނޑިއާ ހަމައަށް ވާސިލުވިޔަ ނުދީ މަތަކޮށް ހިފާއްޓާލެވުނެވެ.
ޕާޓޭންގެ މަސްތުވެފައި ތިބި މިބައިގަނޑު ދެންގޮސް ވަދެގަތީ ޖުމްހޫރީ މައިދާނުގެ ހުޅަކޮޅުގައި މެގަފޯނު ބޭނުންކޮށްގެން އިސްލާހީ ހަރަކާތާ ދެކޮޅަށް ޝުޢޫރުފާޅުކޮށް އަޑުއުފުލަމުން ގެންދިޔަމީހުންގެ ތެރެއަށެވެ. ސަރުކާރަށް ތާއީދުކުރާ މިބައިގަނޑުން ގޮވަމުން ގެންދިޔައީ ރައީސް މައުމޫނަށް އެމީހުން ތާއީދުކުރާ ކަމަށެވެ. އަދި ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް، މިގޮތަށް އެއްވުމަކީ ކުރެވޭނެކަމެއް ނޫންކަމަށެވެ.
މިމީހުން ހަވަރުގެ ތެރެއަށް ވަދެގަނެ ޖުމްހޫރީ މައިދާނުގެ އިރުމަތީ ކޮޅަށް ދެވޭތޯ މަސައްކަތް ކުރިއެވެ. ޕާޓޭންގެ މިބައިގަނޑަށް އެހީތެރިކަންދީ ދެމެގަފޯން ދިނީ ސިފައިންނެވެ. މިތަން އަޅުގަނޑު ދުށީމެވެ. މެގަފޯން ބޭލީސިފައިންގެ ފާރުމަތިންނެވެ. ގާޑުކުރުމަށް ހަދާފައި ހުންނަ ތަނުގެ ތެރެއިންލާފައެވެ. ވާގަނޑެއްގެ ބޭނުންކޮށްގެންނެވެ.
އެހެނަސް އެއްވަފައިތިބި ހަވަރުގެ ބާރުގަދަކަމުން މިއިންކަމެއް ކުރެވޭގޮތެއް ނުވިއެވެ. ގިނައިރު ތަކެއްނުވެ، މިބައިގަނޑުގެ އަޑުކެނޑިގެން ހިނގައްޖެއެވެ. ދެން މިމީހުން ތައްޔާރުވެގެން އަލުންއައީ ހުކުރުދުވަހު، 9:00 ޖަހާއެހާ ކަންހާއިރުއެވެ. ޖަލުތަން މިނިވަންކޮށް ދޫކޮށްލި ކުށްވެރިންގެ ގްރޫޕާ އެކުގައެވެ. މިވަގުތު ސިފައިންގެ ބޭކަލެއްގެ ބަނޑަށް ވަޅިއެއް ހަރާލިއެވެ. އަދި މިފަދަ އެތައްކަމެއް ހިންގިއެވެ.
ޕުރައިވެޓު މުހައްމަދު އަބްދުއްރަހުމާނު ތަހުގީގަށް ދީފައިވާ ބަޔާން:
އަދި އެދުވަސްވަރު، މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕުރައިވެޓް (ސނ: 1459) ގެމަގާމުގައި ހުންނެވި، ދިވެހި އައިޑީކާޑް ނަމްބަރު: A-074041 އުފަންދުވަސް، 09 ޖޫން 1980 އަލްފާޟިލް މުޙައްމަދު ޢަބްދުއްރަޙްމާން، ށ.ކޮމަންޑޫ ބީޗްވިލާ މޯލްޑިވް ޕޮލިސް ސާވިސަށް، މިޙާދިޘާއާގުޅޭ ގޮތުން ދެއްވާފައިވާ ބަޔާނުގައި މިފަދައިން ވެއެވެ.
“12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ، 7:30 ހާއިރު އަޅުގަނޑު ފުލުސް އޮފީހުގައި އުޅެނިކޮށް ޢާއްމުންގެބަޔަކު ޕޮލިސް ހެޑްކްއޯޓަޒްގެ ހުޅަނގުއުތުރު ކަންމަތީގައި ހުންނަފޯނު ބޫތުތައް ކައިރިއަށް އެއްވެފައިތިއްބާ ފެނިގެން އަޅުގަނޑު ވެގެންއުޅޭގޮތެއް ބަލަން އެކަނި އެދިމާލަށް ދިޔައިމެވެ. އަޅުގަނޑު އެތަނުގައި ހުއްޓާ މަޑުމަޑުން މީހުންތައް އެއްވަމުން ގިނަވަމުން ދިޔައެވެ. އަދި ޕޮލިސް ހެޑްކްއޯޓަޒްއިން ނުކުމެގެން ދިޔަމީހަކު (ނަމާއި އެޑްރެސް ނޭނގޭ) އެމީހުން ކައިރިޔަށް ގޮސް، “ތިމަންނަ ދޫކޮށްލީއޭ، ދެން ހިނގާށޭދާން” މިހެން ބުނުމުން އެތަނަށް އެއްވެފައިތިބި މީހުންގެ ތެރޭގައިހުރި، ގއ.ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރު، އަދި އެހެނެއް ނުދެވޭނެއޭ ތިމަންނަމެންގެ ފޮޓޯގްރާފަރުން (ނަމެއް އަދި އެޑްރެހެއް ނުބުނޭ) އެތާވެއްޖެއޭ، އެމީހުން ދޫކޮށްލި އިރަކުންނޭ ދެވޭނީބުނެ، ދާންއުޅުނު މީހުން މަޑުކުރުވާ ރައްޔިތުން އެއްކުރާށޭ ކިޔާގޮވާ ހެދިއެވެ.
އަދި އޭރު އެތަނުގައިތިބީ، ގ.ބެރުގޭ ނަވީނާއި މ.ކުޑަވެޔޮމަތީގޭ އަޙްމަދު ފަލާޙާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލެވެ. {މިވަގުތަކީ އިބުރާ އެސަރަހައްދު ބައްލަވާލައްވާއި ދިރާސާކޮށް ލައްވަން ވަޑައިގެންނެވި ވަގުތެވެ.} އެމީހުން ޕޮލިސް ހެޑްކްއޯޓަޒްގެ ހުޅަގުއުތުރު ކަންމައްޗާ ދިމާލުގައި ހުންނަ ބޫތުތައް ކައިރީގައި ތިބެފައި ސިފައިންގެ މައިމަރުކަޒުގެ ކުރިމައްޗާ ދިމާލުން ޖުމްހޫރީ މައިދާނުގެ ތެރޭގައި މަޑުކޮށްލިއެވެ. އަދި އެތަނުގައި ތިބެގެން ސަރުކާރުން ކަންތައް ކުރާގޮތާމެދު ހިތްހަމަނުޖެހޭ ވާހަކައާއި ސަންދާނު މައްސަލާގައި ހައްޔަރުކޮށްފައި ތިބިދެމީހުން (ނަމާއި އެޑްރެހެއް ނުބުނޭ) ދޫކުރުމަށް ގޮވަމުން ދިޔައެވެ. 12 އޯގަސްޓް 2004 ދުވަހުގެރޭ، 00:00 އާއި 01:00 އާދެމެދުގެ ވަގުތެއްގައި ހ.ހުޅުގަލި އިބްރާހީމް ހުަސައިންޒަކީ އާއި ގ.ހަސަންކާރިގޭ ޑޮކްޓަރ މުޙައްމަދު މުުނައްވަރު އާއި މ.މާފަންނުވިލާ ބުރުމާ ގާސިމާއި ހ.ގްރީންގޭ މުޙައްމަދު މާހިރާއި އަދިވެސް އިތުރުބަޔަކު (ކޮން ބައެއްކަމެއް ނޭނގޭ) ޖުމްހޫރީ މައިދާން ކައިރިއަށް އައިސް ސިފައިންގެ މައިމަރުކަޒު ކައިރިޔަށް ދިޔައެވެ.
އޭރު ސިފައިންގެ މައިމަރުކަޒު ކައިރިއަށް އާންމުންގެ ވަރަށްގިނަ ބަޔަކުއެއްވެފައި އޮތެވެ. ގާސިމް އިބްރާހީމް ސިފައިންގެ މައިމަރުކަޒު ކައިރިއަށް ގޮސްހުރި ހުރުމުގައި [ކުރީރޭ ލޮނުޒިޔާރަތް ކޮޅަށް އެއްވި އެއްވުމުގައި ނަސީމް (ކޮންނަސީމެއް ކަމެއް ނޭނގޭ) އާއި ޖެހުނު މައްސަލައެއްގައި ވެސް ރައީސް މައުމޫނަށް ދެންނެވުމުން ނަސީމް ފުލުސް އޮފީހަށް ނުގެނެސް ދޫކޮށްލީއޭ ކަލޭމެންވެސް ހަމަޖެހޭށޭ، އަހަރެން ބޭނުންކަންތައް ވާނޭ] މިހެންބުނިއަޑު އަޅުގަނޑު އެހީމެވެ.
{ގާސިމް މިވިދާޅުވި ނަސީމަކީ އޭނާ އެދުވަސްވަރު ގެންގުޅުއްވި ނަފާނަސީމްގެ ނަމުން މަޝްހޫރު ވެފައިވާ ނަފާނަސީމެވެ. މިނިސްޓްރީ އޮފް ފައިނޭންސްގެ މިނިސްޓަރު ކަން ގާސިމަށް ލިބިލެއްވުމުން މިނަފާނަސީމް އޭނާގެ ދަށުން ފައިނޭންސް މިނިސްޓްރީގައި ގެންގުޅުއްވިއެވެ.
މިޙާދިޘާގެ ފަހަތުގައި ވެސް ފޮރުވިފައިއޮތް ސިޔާސީ ރޭވުންގަނޑެއް އޮތްކަމަށް ބެލެވެނީ ގާސިމާއި ސަމަރޭއާއި އިލްޔާސް އިބްރާހީމް އެއްބަޔަށް ކުޅުއްވަމުން ގެންދެވިއިރު އެނެއްބައިގައި ފަތުޙުއްﷲ ޖަމީލާއި ޒާހިރު ޙުސައިނާއި އަބްދުﷲ ހަމީދާއި ޔާމީނު މެންވެސް ސިފައިންގެ ތެރޭގައި ރޯލެއް ކުޅުއްވިކަން ސާބިތުވާތީއެވެ. މިދެކޭންޕަކީ ސިޔާސީގޮތުން ހަތުރުންނެވެ.}
އިބްރާހީމް ހުސައިންޒަކީ އާއި ޑޮކްޓަރ މުޙައްމަދު މުނައްވަރު، ޖުމްހޫރީ މައިދާން ކައިރިއަށް އައިސް ސިފައިންގެ މައިމަރުކަޒު ކައިރިއަށް ނުގޮސް ގާސިމް އިބްރާހީމް މެންނާއި ވަކިވެގެންގޮސް ޖުމްހޫރީ މައިދާނުގެ އިރުއުތުރު ކަންމަތީގައި ހުންނަ ފިތުރޯނުގަސް ކައިރީގައި ވާހަކަދައްކަން (ދެއްކީ ކޮންވާހަކައެއް ކަމެއް ނޭނގޭ) ތިއްބާ އެތަނަށް، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އައިސް އިބްރާހީމް ހުސައިންޒަކީ އާއި ޑޮކްޓަރ މުޙައްމަދު މުނައްވަރައި ސަލާމްކޮށް ލުމަށްފަހު، ކޮންމެވެސް އެއްޗެކޭ ބުންޏެވެ. ނަމަވެސް އިލްޔާސް ހުސައިން އިބްރާހީމް ބުނީކީކޭކަމެއް އަޅުގަނޑަކަށް ނޭނގެއެވެ.
މުޙައްމަދު މުނައްވަރާއި އިބްރާހީމް ހުސައިންޒަކީ އެތަނުގައި، 5 މިނެޓެއްހާއިރު ވާހަކަދައްކަން ތިބުމަށްފަހު އެތަނުން ދިޔައީއެވެ. ނަމަވެސް ދިޔައީ ކޮންތަނަކަށް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޖުމްހޫރީ މައިދާނަށް އެއްވެފައިވާ މީހުން، އެތަނުގައި ތިބެގެން ހަޅޭއްލަވާ ސިފައިންގެ މައިމަރުކަޒާ ދިމާލަށް ދާންފެށުމުން ބްރިގޭޑިއަރ މޫސާއަލީ ޖަލީލް އަޑުގަދަކުރާ ބޭނުންކޮށްގެން މަޑުމައިތިރި ކަމާއެކު، ޖުމްހޫރީ މައިދާނުގެ ތެރެއަށް ދިއުމަށް އެދުނެވެ.
ނަމަވެސް އެއިންއެއްވެސް އަޑެއް އެތަނަށް އެއްވެފައިތިބި މީހުންގެތެރެއިން އެއްވެސް މީހަކަށް އިވޭކަމަކަށް ނުހަދާ އަޑުގަދަ ކުރަމުން ދިޔައެވެ. އަދި އެމީހުން ހަޅޭލަވާއަޑު ގަދަކޮށް ސަރުކާރުން އަންގާއެންގުމަށް ކިޔަމަންތެރި ނުވުމުން ބްރިގޭޑިއަރ މޫސާއަލީޖަލީލް ވާހަކަދައްކަން ބޭނުންކުރި އަޑުގަދަކުރާ ޖުމްހޫރީމައިދާނުގެ ތެރެއަށް ގެންދިޔައެވެ.
އަދި ރައްޔިތުން އެދޭކަންތަކަކީ ކޮބައިތޯ ސުވާލުކުރުމުން އެއްވެފައިތިބި މީހުންގެތެރެއިން ބަޔަކު ޕޮލިސް ހެޑްކްއޯޓަޒްގައި ބަންދުކޮށްފައިތިބި ބަޔަކު (ކޮން ބައެއްކަމެއް ނޭނގޭ) ދޫކޮށްލަން އެދުނެވެ. އަދި ހަމައެހެންމެ އެއްވެތިބި މީހުންއެދުނު މީހުން، ސަރުކާރުން ދޫކޮށްލާނެކަމަށް ބުނެ، އެމީހުންދޫކޮށް ލުމުންވެސް އެއްވެފައިތިބި މީހުން، ސުލްހަވެރިކަމާއެކު ގެއަށްދާ ޚިޔާލެއް ނުކުރިއެވެ.
އަދި އެއްވެފައިތިބި މީހުންގެ ތެރޭގައިހުރި، ސޫޒަން އިބްރާހީމް، މ.ލެމަން ރައީސް މައުމޫނު އިސްތިޢުފާ، އަބްދުﷲ ޙަމީދު އިސްތިޢުފާ، އާދަމްޒާހިރު އިސްތިޢުފާ، މުޙައްމަދު ޒާހިރު އިސްތިޢުފާއޭ ގޮވާ، ރާއްޖޭގެ ބައިތުލްމާލު ބަނޑުއަޅާލައިގެންނޭ އަބްދުﷲ ކަމާލުއްދީން އެއޮންނަނީ، ފެންބިލާއި ކަރަންޓްބިލް ނިކަމެތިންނަށް އެކަށީގެން ނުވާވަރަށް ބޮޑުކޮށް އެމީހުންއަތުން ލާރިކަނީއޭ، އަދި އިސްމާޢީލް ޝަފީޢު އުޅެނީ ރާއްޖޭގައިހުރި އެންމެބޮޑު ނާސިގެހަދައިގެންނޭ ވެސްގޮވާ އަޑުގަދަ ކޮށްފައި ވެއެވެ.
ދެން މާލޭ މެމްބަރު މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) ޖުމްހޫރީ މައިދާނު ބޮޑުދިދަބުޑަށް ގޮސް ޖުމްހޫރީ މައިދާނަށް ގެންދިޔަ މައިކްސިސްޓަމް ބޭނުންކޮށްގެން މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އިހާނަތްތެރިކޮށް ކަންތައްކުރާ ކަމަށާއި، ސިފައިން ޖަލުގައި ހައްޔަރުކުރާ މީހުންނަށް އަނިޔާކުރާކަމަށް ވާހަކަދައްކާ ހެދިއެވެ.
އަދި އެމީހުން ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްނުދެނީސް ޖުމްހޫރީ މައިދާން ދޫކޮށްލާފައި ނުދާނެކަމަށް ބުންޏެވެ. އަދި ރައްޔިތުން އެދޭއެދުންތައް ޙާޞިލްނުވަނީސް އޭނާ ލޮލުފިޔަވެސް ނުޖަހާނެ ކަމަށާއި، އޭނާގެ ޙާލުހުރިގޮތުން ކޮޅަށް ހުރެވޭވަރު ނުވިނަމަވެސް ރައްޔިތުންނަށް ޓަކައި އޭނާ ޖުމްހޫރީ މައިދާނުގައި ހުންނާނެ ކަމަށްބުނެ ވާހަކަދައްކާ ހެދިއެވެ.
އަދި މ.ކަރިޝްމާވިލާ އަޙްމަދު އިބްރާހީމް ދީދީ، މައިކުން ވާހަކަދައްކަމުން އޭނާ ސަންދާނު މައްސަލާގައި ޖަލުގައި ހައްޔަރުކޮށް، ސަރުކާރުން ނުހައްގު އަދަބުތަކެއް ދީފިކަމަށާއި، ދަނގަނޑު ހޮޅިއެއްގައި އެކޮޅުކޮޅުން އެލުވާއި އޭނާއާއި ސުވާލުކުރަން ނުޖެހޭ މޭރުމުން، ލޭޑީއިބްރާހީމް މަނިކު ސުވާލުކޮށް ހަދާފައިވާ ކަމަށާއި، އިންސާފަކީ މީތޯއޭބުނެ އެއްވެފައިތިބި މީހުންނަށް ސުވާލުހުށަހަޅާ، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމަކީ، ދިވެހި ރައްޔިތުންނަށް މަކަރުހަދާ އޮޅުވާލައިގެން އުޅޭމީހެއް ކަމަށާއި، އެފަދަ މީހުންނަށް ކޮންވެރިކަމެއްހޭ ކުރެވޭނީ ވޭތުވެދިޔަ، 26 އަހަރު ތެރޭގައި ވެރިކަން ކުރެވިފައިނޫންހޭ ހުންނާނީ ދެންފައިބާށޭ ބުނެ އަޑުގަދަކުރާއިން ގޮވަމުން ދިޔައެވެ.
އަދި އަހްމަދު އިބްރާހީމް ދީދީ، ޖުމްހޫރީ މައިދާނުގައިހުރި ބޮޑުދިދަ ހުންނަރޮސްޓަމް މަތީގައި ހުއްޓާ މޭޖަރޖެނެރަލް މުޙައްމަދު ޒާހިރު، ސައުންޑް ސިސްޓަމް ބަލާދިއުމުން [އަހަރެންވަކި މުޙައްމަދު ޒާހިރަށްވުރެ ކަޅީހޭ، ހުތުރީހޭ، ނުވަތަ ތަޢުލީމީ ފެންވަރު ދަށީހޭ، ތިމަޚްމާގަނޑު އަހަރެންގެ ކޮނޑުގައި ޖެހިޔަސް ކިޔާނީ ޗީފް އޮފް ސްޓާފްއޭ، މިއީ ސަރުކާރުގެ އެއްޗެކޭ، ރައްޔިތުންގެ އެއްޗެކޭ، މިމައިކުބަލާ އަންނަން ކޮބައިތޯ އިންސާފަކީ] ބުނިއަޑު އަޅުގަނޑު އެހީމެވެ.
އަދި އޭނާ ނެރުނު ސަންދާނު ނޫހަކީ، ހަގީގަތާ އެއްގޮތަށް ލިޔެފައިވާ ނޫހެއްކަމަށާއި، އޭގައި ހަގީގަތާޚިލާފު އެއްވެސް ވާހަކައެއް ލިޔެފައި ނޯންނާނެ ކަމަށާއި، ސަރުކާރުން ކަންތައްތައް ސިއްރުކުރަން ބޭނުންވާތީ އޭނާ ހައްޔަރުކޮށްގެން ނުހައްގު އަނިޔާތަކެއް ދިނީކަމަށް ބުނެ އަޑުއުފުލާ ހަދާފައި ވެއެވެ.
އަދި ސަންދާނު ނޫހުގެ ކޮޕީއެއް، ޔޫއެންގެ މޭޒުމަތީގައި ވެސް އޮންނާނެ ކަމަށާއި، އެބޭފުޅުންވެސް ސަންދާނުގައި ލިޔެފައިވާ ވާހަކަތަކަކީ ލިޔެވޭނެ ވާހަކަތަކެއް ކަމަށްބުނެ އެނޫހާ ދޭތެރޭ ތާއިދުކޮށްފައި ވާކަމަށާއި ސަންދާނު ލިޔުނު ގަލަންވެސް އޭނާގެ ޖީބުގައި މިއޮތީއޭ މިހެން ބުންޏެވެ. {ސަންދާނު އަހަންމައިދީ ޖުމްހޫރީ މައިދާނަށް ވަޑައިގަތީ ޓެކްސީއެއްގައި އަމިއްލަފުޅަށެވެ.
އޭރުއޭނާ ހުންނެވީ ގޭގެބަންދުގައެވެ. ސަންދާނު ޒަކީވެސް ހުރީ ގޭގެބަންދުގައި މާލޭގައެވެ. މީނާކައިރިއަށް ވެސް ބަޔަކު ޓެކްސީއެއްގައި ބަލާދިޔައެވެ. އެހެނަސް އޭނާ ހުންނެވީ، ބަނޑުގައި ރިއްސާތި އާލާސްކަންފުޅާ ކަމަށް ވިދާޅުވެ ގެއިން ނުނިކުންނެވީއެވެ.}
އަދި މައިކް ސިސްޓަމް ބޭނުންކޮށްގެން، ގ.ކެނެރީގޭ ޒުހައިރާ ޢުމަރު، ދެއްކި ވާހަކާގައި ސަރުކާރުން ޖަލުގައި ހައްޔަރު ކުރެވޭ މީހުންނަށް އެއްވެސް ހައްގަކާނުލާ އަދަބުދީ އަނިޔާކުރާ ކަމަށާއި، ބޭނުންވަނީ ސަރުކާރު ބަދަލުކޮށްލަން ކަމަށާއި، ވޭތުވެދިޔަ، 26 އަހަރު ތެރޭގައި އެފަދަ އަނިޔާތަކަށް ކެތްކޮށްގެން ތިބެވިއްޖެ ކަމަށާއި، ދެން ކެތެއް ނުކުރެވޭނެ ކަމަށާއި، ވާވަރުވެއްޖެ ނޫންހޭ، ދެން ފައިބާށޭބުނެ އަޑުއުފުލާ ހެދިއެވެ.
އަދި ދިވެހި ސިފައިންނަކީ، މީހުންމަރާ ބައެއް ކަމަށާއި، މީކޮންކަހަލަ ގާނޫނެއް އޮންނަތަނެއްހޭ ކުށެއްނެތް ކިތައްމީހުންނަށްހޭ އަނިޔާކޮށް ހަދަމުންދަނީ، މިއަދަކީ މީ، އަހަރެމެންގެ ދުވަހޭ، އެންމެ ފަހުވަގުތާ ޖެހެންދެން ވެސް ގައުމަށްޓަކައި ސާބިތުވެ ތިބޭނަމޭ ނިކަންކެރިގެން އައިސްބަލާށޭ، އަހަރެމެންނަށް ވެސް ކުރެވުނު ވަރެއްކުރާނަމޭ، އެންމެފަހު ނޭވަޔާ ޖެހެންދެން ވެސް ގައުމަށްޓަކައި ޖިހާދުވާން މިތިބީ ތައްޔާރަށޭ، ބުނެގޮވާ ހަދަމުން ދިޔައެވެ.
ދޭތެރެ ދޭތެރެއިން، ދ.ކުޑަހުވަދޫ މެޑޯޒް އިބްރާހީމް ފަރީދު ވެސް މައިކުން، ކީރިތިޤުރުއާނުގެ އާޔަތްތައް ކިޔަވާއި ތަޤްރީރުކޮށް އޭނާއަކީވެސް ޖަލުގައި އެއްވެސް ކުށެއްނެތި އަނިޔާލިބިފައިވާ މީހެއްކަމަށާއި އެއްވެސް ކުށެއްނެތި ޖަލުގައި މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެއްކަމަށްބުނެ، އަޑުއުފުލާ ހަދަމުން ދިޔައެވެ.
މެދުކެނޑުމެއްނެތި އެކިމީސްމީހުން ސަރުކާރާ އިދުކޮޅު ވާހަކަތައް ދައްކަމުން ދިޔައިރު، ސ.މީދޫ ހަސަންކާރިގޭ ހުސްނުއްސޫދު މައިކުން، 13 އޯގަސްޓް 2004 ވަނަ ދުވަހުގެ ހެނދުނު، 09:00 ހާއިރު ޖަލުގައި ހައްޔަރު ވެފައިތިބި އަހަރެމެންގެ ރައްޓެހިން، ޖަލު ފުނޑާލާފައި ނިކުމެ ދޯންޏެއްގައި އެބައަންނަ ކަމަށާއި އަދި އޭނާ ސިފައިންނަށް އިންޒާރު ކުރަމުން ހަނދާންކުރާށޭ އެއިން އެއްވެސް މީހަކަށް ގެއްލުމެއްދީ އަނިޔާއެއް ކޮށްފިއްޔާ ސިފައިންގެ އާލާތުންގެ އަނބިދަރިންނަށް ދަންދެން ކޮށާލާނަމޭބުނެ ބިރުދައްކާ އިންޒާރުކޮށް ހެދިއެވެ.
އަދި އޭގެކުޑައިރުކޮޅެއް ފަހުންވެސް މާފުށިން ފުރައިގެން އަންނަދޯނި މާލެއައި ވަރަށްކައިރި ވެފައިވަނިކޮށް ސިފައިން ދޯންޏާދިމާކޮށް ދޯނީގައިތިބި މީހުންގަޔަށް ކަރުނަގޭސް ޖަހައިދޯނި ފައްތާލައިފިކަމަށް ބުނުމުން އެއްވެފައިތިބި ޢާއްމުންގެ ތެރެއިންބަޔަކު ޕޮލިސް ހްޑްކްއޯޓަޒައި ދިމާލަށް އަރައިގަނެ ޕޮލިސް ހެޑްކްއޯޓަޒްގެ ކުރިމަތީގައި އެތަން ސަލާމަތް ކުރުމަށްތިބި ސިފައިންނާ ދިމާލަށް އަރައިގަނެ ސިފައިންގެ ދެމީހެއްގެ ގަޔަށް ވަޅިހެރިއެވެ.
އަދި އެވަގުތު އަޅުގަނޑުހުރީ ތަންކޮޅެއް ދުރުގައިކަމުން ވަޅިހެރީކޮން ބައެއްކަމެއްކަމާއި އަނިޔާލިބުނީ ކޮންބަޔަކަށް ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. އަދި، 13 އޯގަސްޓް 2004 ވަނަ ދުވަހު، ޖުމްހޫރީމައިދާނަށް އެއްވެތިބި މީހުންގެ ތެރެއިންބަޔަކު (ކޮންބައެއް ކަމެއް ނޭންގޭ) ފުލުސް އޮފީސް ކުރިމަތީގައި އެތުރިގެންތިބި ސިފައިންނާ ދިމާލަށް، ގަލާއިފުޅި ފަދަތަކެތި އުކާހެދިއެވެ. ނަމަވެސް އެތަކެތި އުކާހެދީކޮން ބައެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިޣައިރުގާނޫނީ އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން، އަޅުގަނޑަށް ފާހަގަކުރެވުނު މީހުންގެ ފުރިހަމަ ނަމާއެޑްރެސް އަޅުގަނޑަށް އެނގުނީ ފުލުހުންގެ ތަހްގީގުންނެވެ.]
މިބަޔާނުގައި އިނގިލީގެ ނިޝާނާއިސޮއި ކުރައްވާފައި ވަނީ، މުޙައްމަދު ޢަބްދުއްރަޙްމާނެވެ. ބަޔާންނަންގަވާ ފައިވަނީ، ކޯޕަރަލް އަބްދުﷲ ނިޒާމް، ސނ: 1205 އާއި ކޮންސްޓަބަލް އަޙްމަދު ސާމީ، ސނ: 1170 އެވެ. އަޑުއެހީ، ކޮންސްޓަބަލް މުޙައްމަދު ޝިނާޒު، ސނ: 1622 އާއި ކޮންސްޓަބަލް ތޮއްލަތު ރައޫފުއްދީން، ސނ: 1479 އެވެ. މޯލްޑިވް ޕޮލިސް ސާވިސް، މާލެ ގައެވެ. މިބޭފުޅުން މިބަޔާން ނަގައި ސޮއި ކުރުވާފައިވާ ތާރީޚަކީ، 8 އޮކްޓޯބަރ 2004 ގައެވެ.
ބްރިގޭޑިއަރ މޫސާޢަލީ ޖަލީލާއި ޕުރައިވެޓް މުޙައްމަދު ޢަބަދުއްރަޙްމާނައި މިދެބޭފުޅުންގެ ބަޔާން ތައްޔާރު ކުރެވިފައިވަނީ، ޖުމްހޫރީ މައިދާނަށް ފޯނުކޮށްގެން ގެންދެވުނު އިއްޒަތްތެރި މެމްބަރުންތައް ގާނޫނީގޮތުން ގޮޅިއަކަށް ފައްތާއި ބައްދާލުމުގެ ބޭނުމުގައެވެ.
މިދެބަޔާނުގެ އަސްލުގެ ދެނަކަލު މިހާރުވެސް އަޅުގަނޑު އަތުގައި ކޯޓުގެ ތައްގަނޑު ޖެހުމާއެކު ލިބިފައި އެބައޮތެވެ. މުޙައްމަދު ޢަބްދުއްރަޙްމާނު ބަޔާނުގައި ގެނެވިފައި މިވަނީ، ޖުމްހޫރީ މައިދާނުގައި ވާހަކަދެއްކެވި އިސްލާހީ ހަރަކާތުގެ އެކިބޭފުޅުންގެ ވާހަކަތަކެވެ. މީނާގެ ބަޔާނުގައި ނޯބެގެ ވާހަކަނެތީ މޫސާއަލީ ޖަލީލުގެ ބަޔާނުގައި ނޯބެގެ ވާހަކަ ގެނެވިފައި ވާތީއެވެ.
ނޯބެއަކީ ވެސް ކަޅުހުކުރު އައިއިރު، ގޭގެބަންދުގައި ހުރިބޭފުޅެކެވެ. އަދި ސަންދާނު އަޙައްމައިދީ ގެއިން ނުކުމެގެން އައިގޮތަށް ނޯބެވެސް ޓެނިހަކަށް އަރާތައްޔާރު ވެލައިގެން، އަމިއްލައަށް ގެއިން ނުކުމެގެން ޖުމްހޫރީ މައިދާނަށް އައީއެވެ.
އަޅުގަނޑު ހިތުން، ޖުމްހޫރީ މައިދާނަށް އެންމެ ފުރަތަމައިން ދިޔަ އެޑްވާންސް ގްރޫޕް، ޖެނީމެން ނޯބެއާ ބައްދަލުކޮށް ހަދާފައި އެދިމާއަށް ދިޔައިރުވެސް، މިކަން ވަރުގަދަވެ ވައިގައި ހިފައިފިއްޔާ ނޯބެ ގެއިން ނުކުތުމަށް ރާވާފައި އޮވެދާނެއެވެ. އޭނާއަކީ ގޭގައި ބަންދުގައި އިނދެގެން، ބަރާބަރަށް ބޭރުގައިތިބި އިސްލާހީ ހަރަކާތުގެ ލީޑަރުންނާއި ޚާއްސަކޮށް އަންނިއާ ގަވައިދުން ގުޅަމުން ގެންދިޔަ އެކެކެވެ.
ޢަލީ ވަހީދު ހަސަނަކީ ހުރިހާ ފޮޓޯތަކެއް ބޭރުކޮށްހެދި އެކެކެވެ. އެރޭ ފަތިސްވުމުގެ ކުރިން، ހައްޔަރުކުރުމަށް ސިފައިންހެދި ލިސްޓެއްގައި އަލީވަހީދުގެ ނަންއޮތްކަން އެނގިގެން، ހުކުރުދުވަހަށް އިރުއެރިތަނާހެން ލަންކާއަށް ފުރުމަށް އެއަރޕޯޓަށް ދިއުމުން އޭނާގެ ޕާސްޕޯޓް ހިފާއްޓާ ހެދިއެވެ. އެހެނަސް އަލީވަހީދު، އެތައް މައްސަލަތަކެއް ޖެއްސުމުން، ސިފައިން ހިފޭއްޓި ޕާސްޕޯޓް އިމިގްރޭޝަނުން ގެނެސްދިނުމުން ހެދުނު ފްލައިޓަކުން ލަންކާއަށް ފުރުނެވެ.
ޢަލީވަހީދު ލަންކާއިން އެނބުރި މާލެއައީ، މިހުރިހާ ކަމެއްނިމި ޖައްވުއަމާން ވުމުންނެވެ. ދެތިންހަތަރު މަސް ވުމުންނެވެ. މީނާއަށް ވެސް ޔޫއެން މެދުވެރިކޮށް ސިޔާސީ ޙިމާޔަތް ލިބޭނެގޮތް ހަމަޖެހިފައި އޮތެވެ. އެހެނަސް އޭނާގެ އަންހެނުން އެކަމާ، އެއްބަސް ނުވުމުން ވާނެގޮތެއް ވުމަށް މާލެއައީއެވެ.
ލާންސްކޯޕަރަލް މުހައްމަދު ރާއިދު ތަހުގީގަށް ދީފައިވާ ބަޔާން:
އެންއެސްއެސްގެ ލާންސް ކޯޕަރަލް، ސނ: 3284 ހ.ސްވޯޑް އަލްފާޟިލް މުޙައްމަދު ރާއިދު، އައިޑީކާޑު ނަމްބަރު: A-012104 އުފަން ތާރީޚް: 30. 05. 1978 މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.
[ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއް ކަމަށްވާ، މއ.ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބުރާ) އަކީ އަޅުގަނޑުގެ އާއިލާގެ މީހުންނައި ވަރަށްގާތް ރައްޓެއްސެކެވެ. އަދި އޭނާގެ އާއިލާގެ މީހުންނަކީ ވެސް އަޅުގަނޑުގެ އާއިލާއާއި ވަރަށްގާތް ރައްޓެހި ރަޙްމަތް ތެރިންނެވެ. އަދި އޭނާއަކީ އަޅުގަނޑު ކިޔަވަމުންދިޔަ ދުވަސްވަރު (ޚާއްސަކޮށް އެސްއީސީގައި ކިޔެވި ދުވަސްވަރު) ސްކޫލްގެ ބައެއް ޕްރޮޖެކްޓުތައް ހެދުމަށް އެހީތަކެއް ވެފައިވާ އަޅުގަނޑުގެ ވަރަށްގާތް މީހެކެވެ. އޭނާއަކީ ނުކުޅެދޭ މީހަކަށްވާތީ އޭނާގެ އެދުމުގެމަތިން އަޅުގަނޑުގެ ސައިކަލުގައި އޭނާއެކި ތަންތަނަށް ވަރަށް ގިނަގިނައިން ގެންގޮސްދީ ހަދަމެވެ. 12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ (އިރާކޮޅު) އަޅުގަނޑުގޭގައި އުޅެނިކޮށް އިބްރާހީމް އިސްމާޢީލް އަޅުގަނޑުގެ މޯބައިލްފޯނަށް ގުޅާފައި ސައިކަލުގައި ޖައްސާލަ ދިނުމަށް އެދުނެވެ.
އަޅުގަނޑު ސައިކަލުގައި މއ.ބޯގަންވިލާއަށް ދިޔައިރު، އިބްރާހީމް އިސްމާޢީލް ހުރީއެގޭ ދޮރުމަތީގައި ބޭރުގައި ކޮންމެވެސް މީހަކާވާހަކަ ދައްކާށެވެ. އެމީހަކީކާކުކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާ އަޅުގަނޑު ގާތުގައި ޖުމްހޫރީ މައިދާނުގައި ވަރަށްގިނަ އަދަދެއްގެ މީހުންއެއްވެ އެބައުޅޭކަމަށާ، އެތަން ބަލާލަން ދާންވާނެކަމަށް ބުންޏެވެ. އޭނާއެހެން ބުނުމުން އަޅުގަނޑު އޭނާގާތުގައި އެތާކައިރިން ލާފައިދިޔަ ކަމުގައި ވިޔަސް އެތަނަށް މަޑުކޮށްގެން ނުވާނެކަމަށް ބުނީމެވެ. ….ޖުމްހޫރި މައިދާނުގައި ހިނގަމުންދިޔަ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށްޓަކައި ސިފައިންނާއި ފުލުހުން މަސައްކަތް ކުރިއިރު އަޅުގަނޑުހުރީ، 01 އޯގަސްޓް 2004 ވަނަ ދުވަހުން ފެށިގެން އަހަރީ ޗުއްޓީގައި ކަމަށްވެފައި، އަދި އޮފީހުގެ އެއްވެސް ވެރިއަކު އަޅުގަނޑަށް ގުޅާފައި އޮފީހަށް ނިކުތުމަށް އެދިފައި ނުވާތީވެ، އަޅުގަނޑު އެތަނުގައި ހުރިހުރުމުގައި ފުލުހުންގެ މީހެއްގެ ގޮތުގައި އެއްވެސް މަސައްކަތެއް ނުކުރަމެވެ.
އިބުރާ ޖުމްހޫރީ މައިދާނުގައި ހުރެގެން މެގަފޯނުން އެތަނުގައި އެއްވެއުޅުނު މީހުންނާއި މުޚާތަބުކުރަމުން ދިޔައަޑު އަޅުގަނޑު އެހީމެވެ. ނަމަވެސް އޭނާދެއްކި ވާހަކައެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާ ޖުމްހޫރީ މައިދާނުގައި އުޅެފައި އަޅުގަނޑު ކައިރިއަށް އައިސް ފެންފުޅިއެއް ލިބިދާނެތޯ އެހުމުން އަޅުގަނޑު އޭނާގާތުގައި އަޅުގަނޑު ފެންފުޅިއެއް ހޯދާނީ ކޮންތާކުންތޯ ބުނީމެވެ. އެވަގުތު އެތަނަށް އެންއެސްއެސްގެ ލެފްނިނެންޓެއް ކަމަށްވާ، ނަޞްރުﷲ (ފުރިހަމަ ނަމެއްނޭނގޭ) އައިސް އިބުރާއަށް ގޮވާލާފައި އޭނާގޮވައިގެން ދިޔައީއެވެ.
އަޅުގަނޑު ޖުމްހޫރީ މައިދާން ކައިރީގައި ހުރިހުރުމުގައި އެތަނަށްއެއްވެ އުޅުނުއެއްވެސް ބަޔަކައި އެހީތެރިވެ އެއްވެސް ސިފައެއްގައި ބައިވެރިވެފައެއް ނުވާނެއެވެ. އެއެއްވުމަކީ ބަޔަކުރާވައިގެން އެއްވި އެއްވުމެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އިބުރާގެ ރައްޓެހިކަމުގައި އަޅުގަނޑު އޭނާގެ އެއަށް، މއ.ބޯގަންވިލާއަށް ދިޔަދުވަހެއްގައި މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމް އެގޭތެރެއިން ދުށީމެވެ. ނަމަވެސް އޭނާއައި އެއްވެސް ވާހަކައެއް ނުދައްކަމެވެ. އިލްޔާސް ހުސައިން އިބްރާހީމް ފިޔަވާ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އެއްވެސް މެމްބަރަކާ އެގޭތެރެއިން އަޅުގަނޑާ ދިމާވެފައެއް ނުވެއެވެ.
އިބުރާއަށް ޚާއްޞަ މަޖިލީހުގެ މެމްބަރުކަން ލިބިގެން އޭނާ ހުޅުވައިގެން އުޅޭއޮފީހަށް އަޅުގަނޑު އެއްވެސް ދުވަހެއްގައި ގޮސްފައެއް ނުވާނެއެވެ. އަޅުގަނޑަކީ ސިފައިންގެ މީހަކަށްވެފައި އަދި އަޅުގަނޑަކީ ފުލުސް އޮފީހުގައި ހަތްއަހަރު މަސައްކަތް ކޮށްފައިވާ މީހަކަށްވީތީ އިބްރާ އަޅުގަނޑު ގާތުގައި އަޅުގަނޑު މަސައްކަތް ކުރާތަނާބެހޭ ގޮތުންނާ، އަދި އަޅުގަނޑުކުރާ މަސައްކަތާބެހޭ ގޮތުންވެސް އެއްވެސް ވާހަކައެއް ދުވަހެއްގައިވެސް އަހާފައެއް ނުވެއެވެ. އަދި އަޅުގަނޑުވެސް އެކަމާބެހޭ ގޮތުން އެއްވެސް ވާހަކައެއް އިބްރާގާތުގައި ދައްކާފައެއް ނުވާނެއެވެ. އަދި އޭނާނޫން އެހެން މީހެއްގާތުގައި ވެސް އަޅުގަނޑު މަސައްކަތްކުރާ އޮފީހާބެހޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވާނެއެވެ.]
މިބަޔާން ނަގާފައިވަނީ، ސަރޖަންޓް އަޙްމަދު މުޙައްމަދު، ސނ: 1192 އާއި ކޮންސްޓަބަލް އަޙްމަދު ސާމީ، ސނ: 1170 އެވެ. އަޑުއަހާފައިވަނީ، ކޮންސްޓަބަލް އިސްމާޢީލް ނަދީން، ސނ: 1672 އާއި ކޮންސްޓަބަލް ޙުސައިން މަފާޒް، ސނ: 1721 އެވެ.
ފަހެ، ދަންނައެވެ! މިރާއިދަކީ، 2003 ވަނަ އަހަރު ތެރޭގައި އެތައްފަހަރަކު އަޅުގަނޑުމެން ފަހަތުން ފާރަލާއި ކެމެރާ ކުރަންއުޅެނިކޮށް ފަޅާއަރާފައިވާ ސިފައިންތެރޭގައި އުޅޭފައްކާ ޖާސޫސެކެވެ. އާދަމްޒާހިރު ގެންގުޅޭ ޖާސޫސެކެވެ. އިބުރާއާ މިހާގާތްކޮށް މިފަދަ މީހަކު އުޅެންޖެހޭ ސަބަބަކީ އިތުރަށް ދިރާސާ ކުރަން ޖެހޭކަމެކެވެ. ޚާއްސަކޮށް، 19-20 ސެޕްޓެމްބަރ 2003 ގެޙާދިޘާގެ ތަހްގީގުގައި ވެސް، އަދި އެޙާދިޘާ ތެރޭގައި ހިންގި އެކިކަންކަމުގައި ޝާމިލްވެފައިވާ މީހެކެވެ. މީނާއާއި އިބުރާއާ ދެމެދު މިއޮންނަ ގާތްގުޅުމުގެ ސިއްރަކީ ކޮބައިކަމާ މެދު އަބަދިވެސް ޝައްކު ކުރެވެއެވެ.
އަދި އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި ބުރުމާގާސިމާ، އިބުރާއާ ދެމެދުއޮންނަ ސިޔާސީ ގުޅުމަކީ ވެސް އޮޅުންތަކެއް ހިމެނިފައިވާ ކަމެކެވެ. އިބުރާގެ ބައްޕައަކީ ވެސް އިލްޔާސް ފަޅީގެ ބޭފުޅެކެވެ. މިޙާދިޘާ ތެރޭގައި އިބުރާއާއި ގާސިމު އިސްކޮށް އުޅުއްވިއިރު އާދަޔާޚިލާފު ގުޅުންތަކެއް މިމީހުންގެ ދެމެދުގައި އޮންނަކަން ފާހަގަކުރެވިފައި ވެއެވެ.
ޙަގީގަތުގައި އިބުރާއަކީ އިލްޔާސް އިބްރާހީމާއި ގާސިމް އިބްރާހީމްގެ ބަހަށް، ބައެއްކަންތަކަށް އަމަލީސިފަ ގެންނަވާފައިވާ ވަރަށް ސިޔާސީ ގޮތުން ބޯހަރު ބޭފުޅެކެވެ. އިސްލާހީ ހަރަކާތުގައި އަބަދުވެސް އާދަޔާޚިލާފު ރޯލެއް ކުޅުއްވަމުން ގެންދެވި ބޭފުޅެކެވެ. އިތުރަށް ދިރާސާ ބޭނުންވާ އެތައް ސުވާލުތަކެއް އުފެދޭފަދަ ކަންތައް ކުރައްވާފައިވާ ބޭފުޅެކެވެ.
އަލީ އަބްދުﷲ ތަހުގީގަށް ދީފައިވާ ބަޔާން:
މ.ޔާގޭތުގެ، މާލެ އަލްފާޟިލް ޢަލީ ޢަބްދުﷲ، މޯލްޑިވްސް ޕޮލިސް ސަރވިސަށް ދެއްވާފައިވާ ބަޔާނުގައިވަނީ މިފަދައިންނެވެ.
[އަޅުގަނޑަކީ ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިންބޭރަށް ގޮސްއުޅޭ މީހެކެވެ. މިގޮތުން އަޅުގަނޑު ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި ސްރީލަންކާގެ ކޮޅުބުގައި އާންމުގޮތެއްގައި ދެދުވަހު މަޑުކޮށް ހަދަމެވެ. އަދި މިމަޑުކުރާ ކުރުމުގައި އަޅުގަނޑުގެ ދަނބިދަރިފުޅު، ގ.ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އާބައްދަލުވެ ވާހަކަދައްކާ ހަދާފައި ވާނެއެވެ. މިގޮތުން، 2004 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި އަޅުގަނޑު ލަންކާގެ ޓްރާންސްއޭޝިޔާ ހޮޓަލުގައި މަޑުކުރި ކުރުމުގައި މުޙައްމަދު ނަޝީދު (އަންނި) ފޯނުން، އަޅުގަނޑަށްގުޅާ ވާހަކަދެއްކި ދެއްކުމުގައި އަޅުގަނޑާ ބައްދަލުކުރުމަށް މުޙައްމަދު ނަޝީދު (އަންނި) އަންނައިރު، މ.ޗާންދަނީވިލާ މުޙައްމަދު ލަތީފު (ގޯގޯ ލަތީފް) ގޮވައިގެން އަންނާނެ ކަމަށްބުނެ، އެބޭފުޅާގޮވައިގެން އަޅުގަނޑު ހުންނަހޮޓަލަށް އެއްރެއަކު އައެވެ.
އަދި އެރޭ، މުޙައްމަދު ނަޝީދު (އަންނި) އާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އަށް ރޭގަނޑުގެ ކެއުމެއް ދިނީމެވެ. އަދި މިގޮތުންވާހަކަ ދެއްކިދެއްކުމުގައި އެމީހުން ކޮޅުބުގައި ހުޅުވާފައި ހުންނަ، އެމްޑީޕީގެ އޮފީސް ބަންދުކޮށް، 48 ގަޑިއިރުތެރޭގައި ގައުމުން ބޭރުވުމަށް ސްރީލަންކާ ފުލުހުން އެންގިކަމަށާއި ނަމަވެސް އެކަން އެގޮތަށްނުވެ އަލުން ސްރީލަންކާގައި އެމީހުން، އެމްޑީޕީ އޮފީސް ހުޅުވައިގެން މަސައްކަތް ފަށާފައިވާތީ، އެކަމާގުޅިގެން އެކަންދިމާވާން ޖެހުނުސަބަބެއް، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ގާތުގައި އަޅުގަނޑު އެހުމުން، [އެއީ ކޮންމެވެސް ކަހަލަ އޮޅުމެއްގެ ތެރޭގައި ހިނގިކަމެއް ކަމަށާއި އިނގިރޭސި އެމްބަސީއާއި އެމެރިކަން އެމްބަސީ މެދުވެރިވެގެން، 48 ގަޑިއިރުވުމުގެ ކުރިން އެކަން ހަމަޖައްސަވައި ދެއްވިއޭ] މިހެން، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ބުންޏެވެ.
އަދި ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ކައިރީގައި، އެދިމާވިގޮތުގެ ވާހަކަ، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ދެއްކިކަމަށާ، އަދި އެވާހަކަ ދެއްކުމުން، ދެން އެކަހަލަކަމެއް ދިމާވެއްޖެނަމަ، ބޮޑުވަޒީރުގެ ގެކޮޅަށް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އައުމަށާއި އޭރުން ބޮޑުވަޒީރުގެ ގެކޮޅަށް، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ހޯދުމަށް ބަޔަކު ނުވަންނާނޭ މިހެން ބޮޑުވަޒިރު، މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ގާތުގައި ވިދާޅުިވެފައި ވާކަމަށް، މުޙައްމަދު ލަތީފް، އަޅުގަނޑުގާތު އެރޭބުންޏެވެ.
މިވާހަކަތަކާ ގުޅިގެން މިހާރު ސްރީލަންކާގެ ބޮޑުވަޒީރާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއޮތީކޮން ގުޅުމެއްތޯ އެހުމުން ބުނެފައިވަނީ، އެއީ މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ސްރީލަންކާގައި ކިޔަވަން އުޅުނުއިރު އެއްކްލާހެއްގައި އުޅެފައިވާ ބޭފުޅެއް ކަމަށާއި ދެބޭފުޅުންގެ މެދުގައި ވަރަށްގާތް ރަޙްމަތްތެރިކަމެއް އުފެދިފައިވާ ކަމަށް މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) ބުންޏެވެ. 2001 ވަނަ އަހަރުތެރޭގައި އެއްދުވަހު އަޅުގަނޑު، މ.އޮމަދޫގައި އިންދާ، މ.މާފަންނުވިލާ ގާސިމް އިބްރާހީމާއި މ.ރަންފަސް ޙަސަންޒާހިރު (ރާޑޯ ޒާހިރު) އާދެބޭފުޅުން އައިސް މިއުޅެނީ ސިޔާސީޕާޓީއެއް ހަދާށޭ މިކަމަށްރުހި ގަބޫލުކަމަށް ވާނަމަ، ފެންނަ ނަމްބަރަކާ ދިމާލުގައި ނަންޖަހާފައި ސޮއިކުރާށޭ މިހެން ބުނެފައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް އެޑްރެސްކޮށް ލިޔެފައިވާ ގަނޑެއް އަޅުގަނޑު އަތަށް ދިނުމުން އަޅުގަނޑުގެ ނަންއެގަނޑުގައި ލިޔެ، ސޮއިކުރީއެވެ.
މިއަދުންމިއަދަށް މިލިޔުން، ލާންޖެހެއޭ ކިޔާފައެބޭފުޅުން އެލިޔުން ހިފައިގެން ނިކުމުގެން ދިޔައީއެވެ. އޭގެފަސް ދުވަސްފަހުން، މިނިސްޓްރި އޮފް ހޯމްއެފެއާޒްގެ ފަރާތުން އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ ކަންތައް ހަމަޖެއްސުމަށް ރައީސް އޮފީހަށް ހުށަހަޅައިގެން އުޅޭވާހަކަ ގާސިމް އިބްރާހީމް އަޅުގަނޑު ގާތުގައި ބުނެފައި ވެއެވެ. އޭގެފަހުން އެކަމާގުޅޭ ހުރިހާޚަބަރެއް އަޅުގަނޑާ ހިސާބަށް ގެނެސްދެނީ މުޙައްމަދު ނަޝީދު (އަންނި) އެވެ.
އެކަމާގުޅޭގޮތުން ހޯމް މިނިސްޓްރީގައި ޖަލްސާއެއް ބޭއްވިކަމަށައި އެޖަލްސާގައި ގާސިމް އިބްރާހީމާއި އަޅުގަނޑުގެ ތިމާގެމީހެއް ކަމުގައިވާ، މ.ޖަވާހިރުވާދީ އިލްޔާސް ޙުސައިން އިބްރާހީމާއި ސިވިލް އޭވިއޭޝަންގައި ވަޒީފާއަދާ ކުރައްވާ، މަޙްމޫދުރާޒީ ބައިވެރިވިކަމަށް މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑު ގާތުގައި ބުނެފައިވެއެވެ.
އޭގެފަހުންވެސް ހޯމް މިނިސްޓްރީން އެކަމާއެބަ އުޅުއްވާކަމަށް މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑުގެ ގާތުގައި ބުނެފައިވެއެވެ. އޭގެ ދުވަސް ތަކެއްފަހުން، އެމްޑީޕީގެ ނަމުގައި ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު، ނިންމަވާފައިވަނީ ރައްޔިޔުންގެ މަޖިލީހަށް މިކަން ހުށަހަޅުއްވަން ކަމަށް މުޙައްމަދު ނަޝީދު (އަންނި) އާއި ގާސިމް އިބްރާހިމް އަޅުގަނޑުގެގާތު ބުނެފައިވެއެވެ.
މިގޮތުން ސިޔާސީޕާޓީ ރަޖިސްޓްރީ ކުރުމަށް ތާއީދުހޯދުމަށް، އެޕާޓީގެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ދިޔައެވެ. މިގޮތުން އެމްޑީޕީގެ މެންބަރުން ކަމުގައިވާ، ގާސިމް އިބްރާހީމާއި ހ.ދޮންޖޭމުގޭ ޢުމަރުނަޞީރާއި މުޙައްމަދު ނަޝީދު (އަންނި) އާއި މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއެކު އަޅުގަނދު ވެސް ދިޔައީމެވެ.
އަދި އޭގެދުވަސްކޮޅެއް ފަހުން، ބީބީސީން ވެސް އެޚަބަރު އިވުނެވެ. މީގެދުވަސްކޮޅެއް ފަހުން ވަރަށްކުއްލި ގޮތަކަށް މުޙައްމަދު ނަޝީދު (އަންނި) ފުރައިގެން ދިޔައީ ސްރީލަންކާގެ ކޮލަންބޯ އަށެވެ. އެއަށްފަހު މުޙައްމަދު ލަތީފް (ގޯގޯ ލަތީފް) އާއި މުޙައްމަދު ނަޝީދު (އަންނި) އާދެމީހުން ކޮލަންބޯގެ ހިލްޓަން ހޮޓަލަށް، ބީބީސީއާއި ސްރީލަންކާގެ ނޫސްތަކުގެ ރިޕޯޓަރުން ގެނެސްގެން، އެމްޑީޕީއާބެހޭ ރިޕޯޓުތައް ބީބީސީން ދައްކާއި ސްރީލަންކާގައި އެމްޑީޕީގެ އޮފީސް ހުޅުވާފައިވެއެވެ. އަދި އޭގެ ގާތްގަނޑަކަށް، 6 މަސްފަހުން، އިނގިރޭސި ވިލާތުގައި އެމްޑީޕީގެ ދެވަނަ އޮފީހެއް ހުޅުވާފައިވެއެވެ.
އިނގިރޭސި ވިލާތުގައި އެމްޑީޕީގެ އޮފީހެއްހުޅުވީ ޔޫރަޕްގެ ގައުމުތަކާ މުވާސަލާތު ކުރުމަށް ފަސޭހައަކަށް ކަމަށް އަންނި އަޅުގަނޑުގާތުގައި ބުނެފައިވެއެވެ. އެމްޑީޕީގެ ހަރަކާތްތަކަށް ފައިސާ ޚަރަދުކުރަނީ ކޮންކޮން ފަރާތްތަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑު އެމްޑީޕީއަށް އެއްވެސް ޚަރަދެއް ކޮށްފައެއް ނުވާނެއެވެ. 2001 ވަނަ އަހަރު އެމްޑީޕީ އުފައްދަން އެންމެއިސްކޮށް މަސައްކަތްކުރީ، މުޙައްމަދު ނަޝީދު (އަންނި) އެވެ.
ރާއްޖޭގައި އެމްޑީޕީ ރަޖިސްޓްރީކުރަން، ދިވެހި ސަރުކާރަށް މަޖްބޫރު ކުރުވުމަށްޓަކައި، 14 ފެބްރުއަރީ 2004 ގައި ތީމުގޭ ކުރިމައްޗަށް މުޙައްމދު ނަޝީދު (އަންނި) ގެކޮއްކޮ ގ.ކެނެރީގޭ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި އަދިވެސް އެހެންބަޔަކު އެއްވާގޮތަށް ހަމަޖައްސާފައިވާ ކަމުގެ، މައުލޫމާތު މުޙައްމަދު ނަޝީދު (އަންނި) އަޅުގަނޑަށް ދިނެވެ. އެއީ ދުނިޔޭގެ މީޑިޔާއަށް ދޭންބޭނުންވާ މެސެޖަކާއި ފޮޓޯނެގުމުގެ ބޭނުމުގައި ކަމަށާ، އަދި ބީބީސީއާއި ޚަބަރުފަތުރާ އެހެން ބައެއް އެޖެންސީތަކުގެ ރިޕޯޓަރުން ތިބޭނީ މާލޭގައި ސެޓްކޮށްފައި ކަމަށްވެސް ބުންޏެވެ.
އެކަމާގުޅިގެން ބަޔަކު ބަންދުކުރިކަން އަޅުގަނޑަށް އެނގުނެވެ. ބަންދުކުރެވުނު މީހުންގެ ތެރޭގައި އަންނިގެ ކޮއްކޮ ގ.ކެނެރީގޭ އަހްމަދުނާޒިމް އަބްދުއްސައްތާރު ހިމެނެއެވެ. ….މާލޭގެ ލޮނުޒިޔާތަރް ކޮޅުގައި އެމްޑީޕީގެ ފަރާތުން އެއްވުންތަކެއް ބޭއްވިކަން އަޅުގަނޑަށް އެނގެއެވެ. އެތަނަށް އެއްވި ފުރަތަމަރޭ އަޅުގަނޑުހުރީ ސިންގަޕޫރުގައެވެ. މިހުރިހުރުމުގައި ރީކޯމޫސަ އަޅުގަނޑުހުރި ހޮޓާކަމުގައިވާ ހިލްޓަން ހޮޓަލަށް އައިސް ބައްދަލުކޮށް، އޭނާގެ ވިޔަފާރިއާބެހޭ ވާހަކައެއް ދެއްކިދެއްކުމުގައި، އެމްޑީޕީގެ އެއްވުންތައް ލޮނުޒިޔާރަތް ކޮޅުގައި އެބަބާއްވައޭ މިހެން އަޅުގަނޑުގާތު ބުންޏެވެ. ލޮނުޒިޔާރަތް ކޮޅުގައި ބޭއްވުނު ބައެއް އެއްވުންތައް ކުރިޔަށް ދިޔައިރު އަޅުގަނޑުހުރީ މާލޭގައެވެ.
އަޅުގަނޑު އެއިން އެއްވެސް އެއްވުމަކަށް ގޮސްހަދާފައެއް ނުވާނެއެވެ. ނަމަވެސް އަޅުގަނޑުގެ ގާތްތިމާގެ ދެކުދިން ކަމުގައިވާ، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމާއި މ.އަޙްމަދީއާބާދު އިބްރާހީމް ޒަކީ، އަޅުގަނޑަށް ދެފަހަރެއްގެ މަތިން ފޯނުންގުޅާ، މިހާރު މިނިވަން ބަހުސް ހިނގާލެއް މާފޯރިގަދައޭ ކޮންމެރެއަކު ކޮންމެވެސް ދިމާލަކުން ލޮނުޒިޔާރަތް ކޮޅުގައި މީހުން އެއްވާ ސަރަހައްދަށް ބޮނޑިބަތާ އެއްޗެހި އެބަފޮނުވައޭ، އަލިބެ ފޮނުވަންހޭ މިހެންބުނުމުން، ނޫނޭ އަޅުގަނޑާ ޖެހުނީމާ އަޅުގަނޑުވެސް ފޮނުވާނަމޭ، އަޅުގަނޑާ ޖެހުނީމާ އަންގާލާށޭ މިހެންބުނީމެވެ.
މިކަން ހިނގާދިޔައީ ސަރުކާރުން މިއެއްވުންތައް މަނާކުރުމުގެ ކުރިންނެވެ. ލޮނުޒިޔާރަތްކޮޅަށް މީހުން މިއެއްވި އެއްވުމަކީ، އެއްވެސްތާކުން ހުއްދަލިބިގެން އެއްވި އެއްވުމެއް ނޫންކަން އަޅުގަނޑަށް އެނގެއެވެ. 12 އޯގަސްޓް 2004 ދުވަހުގެ ވަރަށްހަވީރުގެ ވަގުތެއްގައި، ހީވާގޮތުން އިރުއޮއްސުނު ފަހުން އަޅުގަނޑު ގެންގުޅޭ މުވައްޒަފެއް ކަމަށްވާ، މ.އާޒާދީގުލްޝަން އަޙްމަދު މުޚްތާރު އަޅުގަނޑުގެ، 7772997 ނަމްބަރު މޮބައިލްފޯނަށް ނުވަތަ، 3322997 ނަމްބަރު ފޯނަށްގުޅާ ސިފައިންގެ ކައިރީ، ޖުމްހޫރީ މައިދާނުގައި ބަޔަކުއެއްވެގެން އުޅޭކަމަށް ބުންޏެވެ. އޭނާއަކީ ރަށުތެރޭގައި ހިނގާއެކިއެކި ކަންކަމުގެ ޚަބަރު އަޅުގަނޑަށް ގެނެސްދޭ މީހެކެވެ. 12 އޯގަސްޓް 2004 ދުވަހުގެރޭ ގާތްގަނޑަކަށް، 12:00 ގެފަހުގެ ވަގުތެއްގައި އަޅުގަނޑުކުރި ފޯނުތަކުގެ ތެރޭގައި ދެފަހަރަކު، މ.ޖަވާހިރުވާދީ އިލްޔާސް ހުސައިން އިބްރާހީމާ ގުޅާފައިވާނެއެވެ.
އެއީ ޖުމްހޫރީ މައިދާނަށް އެއްވެގެން އުޅޭމީހުންގެ ހަރަކާތްތައްހުރީ ކިހިނެއްތޯ ބެލުމަށްޓަކައެވެ. އެއިން އެއްފަހަރު މާލޭގެ ދެމެމްބަރުން ކަމުގައިވާ އަލްފާޟިލް އިލްޔާސް އިބްރާހީމާއި އަލްފާޟިލް އަބްދުﷲ ކަމާލުއްދީނާއި ގާސިމް އިބްރާހީމާއި، ޑޮކްޓަރ މުޙައްމަދު މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީއާއި އިބްރާހީމް އިސްމާޢީލް ވަޑައިގެން އެބައުޅުއްވައޭ އިލްޔާސް ހުސައިން އިބްރާހީމް ބުނުއްވިއެވެ. ކޮންމެފަހަރަކު ވެސް، އިލްޔާސް ހުސައިން އިބްރާހީމް ތިޔަހުންނެވީ ކޮންހިސާބެއް ގައިތޯ އަހަމެވެ. ކޮންމެފަހަރަކު ވެސް ބުނުއްވަނީ ބޮޑުދިދަ ދޮށުގައި ކަމަށެވެ.
އިލްޔާސް ހުސައިން އިބްރާހީމްގެ ފޯން އޮންކޮށްލާ ކޮންމެފަހަރަކު އެސަރަހައްދުގެ އަޑުފަށްގަނޑުއަރާ، މެގަފޯނުންދައްކާ ބައެއްވާހަކަ އަޑުއިވޭގޮތް ވެއެވެ. އެކަމަކު ދައްކާވާހަކަ ސާފުވާވަރެއް ނުވެއެވެ. ….12 އޯގަސްޓް 2004 ވަނަ ދުވަހުގެރޭ، 12:00 ގެފަހުގެ ވަގުތެއްގައި މ.އަހްމަދީއާބާދު މުހައްމަދު ޒަކީ، ނަޒާކީޒަކީ އޭނާގެ ގޭގެނަމްބަރުން އަޅުގަނޑުގެ، 7772997 ނަމްބަރުގެ މޮބައިލްފޯނަށް ގުޅާފައި އެތަނުގައި އެއްވެތިބި މީހުންނަށް ފެނާއިކާނާ ފޮނުވަން ޖެހެއޭ ތިމަންނަމެން މިއުޅެނީޗަންދާ ނަގައިގެން އެއްޗެތި ފޮނުވާށޭ އަލިބެވެސް ހިއްސާވާނެކަމަށް ހީކުރަމޭ ބުންޏެވެ.
އަދި ޗަންދާގެ ގޮތުގައި، 40,000.00 (ސާޅީސްހާސް) ރުފިޔާ ދިނުމަށް އެދުނެވެ. އަޅުގަނޑު އާނއެކޭ ބުނީމެވެ. އަދި އޭގެފަހުން، ހ.މިދިލިމާގެއާގެ ފިޔާތޮށި ޢަބްދުލްޣަފޫރާއި އޯކޭ ޒާހިރުވެސް އަޅުގަނޑަށްގުޅާ އެތަނުގައި އެއްވެފައިވާ މީހުންނަށްފެން ފޮނުވައިދިނުމަށް އެދުމުން އެރޭގެ، 02:00 ގެފަހުގެ ވަގުތެއްގައި އަޅުގަނޑު ގެންގުޅޭ މުޚްތާރަށް، 7786808 ނަމްބަރު ފޯނަށް ގުޅާފައި ފެންހޯދަން ބުނީމެވެ. ނަމަވެސް ފަހުންއޭނާ އަޅުގަނޑަށް، 7772997 ނަމްބަރަށް ފޯނުން ގުޅާފަ ފެންހޯދެން އަންނަނީ އިރުއަރާ، ފިހާރަތައް ހުޅުވީމާކަމަށް ބުންޏެވެ. އެއަށް ފަހު، އަޅުގަނޑު އެކަމަކާ އަޅައެއް ނުލަމެވެ.
ފެން ނުފޮނުވައިގެން އޯކޭޒާހިރު ގުޅާފައި ފެން އަދިވެސް ނުފޮނުވައޭ ބުނުމުން ފެން ލިބޭނެއޭ އަޅުގަނޑު ބުނީމެވެ. އެއަށް ފަހު، އަޅުގަނޑު ފޯނު އޮފްކޮށްފައި ނިދީއެވެ. އަދި އޭގެފަހުން އެރޭކަންހިނގާ ދިޔަގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. 12 އަދި 13 އޯގަސްޓް 2004 ދެދުވަހު މާލޭގައި ހިނގާދިޔަ ޙާދިޘާއަކީ، މުޙައްމަދު ނަޝީދަށް ނޭނގިހިނގާދިޔަ ޙާދިޘާއެއް ނޫނެވެ. އެފަދަކަމެއް ހިނގާދާއިރު އެކަމުގެ އަޑީގައި މުޙައްމަދު ނަޝީދު (އަންނި) ހިމެނޭނެކަން އަޅުގަނޑަށް އެނގެއެވެ.
އޯގަސްޓް 12، އަދި 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި އެއްވެފައިތިބި މީހުން، އޮނަރަބްލް ޢަބްދުﷲ ޙަމީދުގެ އިސްތިޢުފާއަށް ގޮވުންއެއީ އަޅުގަނޑު އެދޭކަމެކެވެ. އަދި ޢަބްދުﷲ ޙަމީދު އިސްތިޢުފާ ދިނުމަށް ގޮވުންއެއީ އަޅުގަނޑު އެދޭކަމެކޭ، މުޙައްމަދު ނަޝީދުއާ ފޯނުކޮށްގެން ދެއްކިވާހަކަ ތަކުގެ ތެރޭގައި އަޅުގަނދު ބުނީމެވެ. 12 އަދި 13 އޯގަސްޓް 2004 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް ބަޔަކު އެއްކުރުމަށް އަޅުގަނޑުރާވާ ނުހެދިކަމުގައި ވިޔަސް އެކަމުގައި އަޅުގަނޑަށް ބައިވެރި ވެވިފައިވެއެވެ. 13 އޯގަސްޓް 2004 ދުވަހު ހުކުރު ނަމާދަށް އިސްލާމީ މަރްކަޒަށް ގޮސްފައި ހުކުރުކޮށް ނިމިގެން އެތަނުގައި ވެގެންއުޅޭގޮތް ބަލައިލުމަށްޓަކައި މިސްކިތް ކައިރީގައި އެއްވެފައިވާ މީހުންގެ ތެރޭގައި މަޑުކޮށް ލައިގެން ހުރީމެވެ. އެއިރުއެތަނުގައި އެހާގިނަ މީހުން އެއްވެފައެއް ނެތެވެ.]
މިބަޔާނުގައި އިނގިލީގެ ނިޝާންދީ ސޮއިކޮށްފައިވަނީ، މ.އޮމަދޫ މާލެ، އަލްފާޟިލް ޢަލީ ޢަބްދުﷲ (އަލިބެ) އެވެ. ތާރީޚަކީ 30 ސެޕްޓެމްބަރ 2004 އެވެ. ތަހުގީގުކުރީ، ސ.ސަރޖެންޓް ޢަލީ އަޙްމަދު، ސނ: 1035 އާއި ކޯޕްރަލް ޢަބްދުﷲ ޝާޠިޙް، ސނ: 1319 އެވެ. އަޑުއެހީ، ކޮންސްޓަބަލް މުޙައްމަދު ނިޒާމް، ސނ: 1559 އާއި ކޮންސްޓަބަލް އިބްރާހީމް މުޙައްމަދު، ސނ: 1592 އެވެ.
އާދެ! އަލިބެ ބަޔާނުގައި އެވާފަދައިން އެމްޑީޕީ އޮފީސް ރަސްމީ ސިފައެއްގައި ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި އިނގިރޭސިންގެ ޙިމާޔަތުގައި ފަށައިގަނެފައި ވުމާއެކު ރައީސް މައުމޫނާއި ކޮލި އަލިމަނިކާ ގުޅިގެން ސްރީލަންކާގެ ސީއައިޑީ ފުލުހުން މެދުވެރިކޮށް ވަރަށް ގިނަހުރަސްތައް ކުރުވިއެވެ. ލަންކާއިން، 48 ގަޑިއިރުތެރޭގައި ނުކުމެގެން ދިއުމަށް އެންގުނެވެ.
އެހެނަސް ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ތިއްބެވި މީހުންނާ އިނގިރޭސިންނާ އޮންނަގުޅުމުގެ ސަބަބުން ލަންކާގައި ހުންނަ އިނގިރޭސި އެމްބަސީން އެކަމުގެ ތެރެއަށްވަދެ، 48 ގަޑިއުރުތެރޭގައި އެކަންތައް ހައްލުވެގެން ދިޔައެވެ. އެހެނަސް ދިވެހި ރާއްޖޭގެ ސިފައިން ގެންދިޔައީ މިއޮފީސްތަކަށް ފާރަލާއި އެކިއެކިސިޔާސީ ގޯނާތައް ތަކުރާރުކޮށް ހިންގަމުންނެވެ.
އެމްޑީޕީގެ އިސް މެމްބަރަކު ސްރީލަންކާގައި ދިރިއުޅުއްވާ ގެއަށް ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓްގެ، 8 ބޭފުޅުންވަދެ އެމްޑީޕީގެ އިސް މެމްބަރުން ކަމުގައިވާ ގ،ފިތުރޯނުގޭ އަޙްމަދު ޢަލީ ނަސީރާއި މ.ވައިނުޖެހޭގޭ މުޙައްމަދު ޒުހައިރާއި މ.ފަޑިއްގޭ އަލީ ރަޝީދާއި ބިދޭސީ ވަކީލެއް ކަމަށްވާ މިސްޓަރ ޖޫޑް ލެއިނިންގެ ޒާތީ ސާމާނާއި ކޮންޕިއުޓަރު ތަކާއި ގޭގައިހުރި އެހެނިހެން ތަކެތިބަލާ ފާސްކޮށް ހަދާފައި ވެއެވެ.
މިގެތައް ބަލާ ފާސްކޮށްފައިވަނީ، ރާއްޖޭގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު ރާއްޖޭގައި ހުންނަވާ އިންޓަރޕޯލް ޑިވިޒަންގެ ބޭކަލެއްގެ ހައިސިއްޔަތުން ސޮއިކުރައްވައި ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓަށް މިދެންނެވި އެމްޑީޕީގެ މެމްބަރުންގެ އަތްފުޅުގައި އިޓަލީވިލާތުގެ ޕައިލަޓެއް މެދުވެރިވެގެން ހަތިޔާރާއި ބްރޯޑްކާސްޓް ކުރަންބޭނުންކުރާ ވަގުއާލާތްތައް ހުރިކަމަށް ތުހުމަތުކޮށް ލިޔެފައިވާ ލިޔުމަކުންކަން އެމްޑީޕީގެ މެމްބަތުންނަށް ޔަޤީންކުރެވިފައި ވެއެވެ.
މިގޮތުން އެމްޑީޕީގެ މެމްބަރުންނަށް މިކަންކަށަވަރުވީ، ސްރީލަންކާގެ ސީއައިޑީ އިންޓަޕޯލް ޔުނިޓުން މިމެމްބަރުންގެ ގެތައްފާސްކުރުމަށް ހުށަހެޅި ލިޔުންތަކު ތެރޭގައި ރާއްޖޭގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުގެ ލިޔުންފެނިފައި ވާތީއެވެ.
އަދި ކޮޅުބުގައި ހުންނަ އެމްޑީޕީގެ ބޭފުޅުންނަށް ނިސްބަތްވާ ބައެއްގެތަކަކީ ހަތިޔާރާއި ޣައިރުގާނޫނީ އަމަލުތައް ހިންގާ މަރުކަޒު ތަކެއްކަމަށް ދިވެހި ސަރުކާރުން، އިންޓަރޕޯލަށް ދޮގުމަޢުލޫމާތު ދިނުމުން ސްރީލަންކާގައި ހުންނަ އެމްޑީޕީ އޮފީހަށް ސްރީލަންކާ ސިފައިން ވަނުމަށްއެދުމުން، މިމަޢުލޫމާތަކީ ދޮގުމަޢުލޫމާތުކަން ސްރީލަންކާ ސިފައިންނަށް، ސާބިތުކޮށް ދިނުމުން، އެމީހުންގެ މިޢަމަލައި ގުޅިގެން އެމްޑީޕީއަށް މަޢާފަށް އެދުނެވެ.
މިކަމާ އެމްޑީޕީގެ ފަރާތުން ސްރީލަންކާ ސަރުކާރަށް ތަޢުރީފާއި ޝުކުރު ސިޓީއަކުން ރައްދުކުރިއެވެ.
މިދުވަސްވަރު އަޅުގަނޑައި ފުރަހަނި ޝުއައިބު ލަންކާއަށް ކުރުދަތުރަކަށް ގޮސްތިބީ ލަންކާގައި ހުންނަ އެމްޑީޕީ އޮފީހުގެ ކޮޓަރިއެއްގައެވެ. އަޅުގަނޑު މެން ދެމީހުން އދ.ގެ ރެފިއުޖީންނައި ބެހޭ އިދާރާއަށް އެމްޑީޕީ ލޯޔަރު ޖޫޑު (އިނގިރޭސި ވިލާތުގެ މީހެއް) އާއެކު ގޮސް ގިނަވާހަކަތަކާއި ލިޔުންތަށް ހުށަހަޅާއި ރެފިއުޖީއަކަށް ވުމަށް ތައްޔާރު ވީމެވެ. އެހެނަސް އަދި މާލޭގައި ހަރަކާތްތެރި ވުމަށް ތިބުން ފައިދާ ބޮޑުކަމަށް ފެންނާތީ އެދަތުރުގައި ރެފިއުޖީންނަށް ނުވެ މާލެއައީއެވެ.
މިބަޔާނުގައި ވާގޮތުގެ މަތިން އަޅުގަނޑުމެން ގުޅުމުން އަލިބެގެ އެހީގައި ޖުމްހޫރި މައިދާނަށް އެކަށީގެންވާ ވަރަށް ބޯފެން ސަޕްލައި ކުރެވުނެވެ. މިކަންކުރުމަށް ބޭނުންވާ ފައިސާ ދެއްވީ އަލިބެއެވެ. އެއްވެތިބި މީހުންނަށް ކާންދިނުމުގެ މިބުއްދި އަޅުގަނޑު މެންނަށް ލިބުނީ ރާއްޖެއިން ބޭރުގައި ތިއްބެވި ބޭފުޅުންގެ ފަރާތުންނެވެ. އެމީހުން އެދުނީ ހަވަރު އެތާނގައި އަބަދުވެސް ބޭތިއްބުމުގެ ބާރަކަށް ވާނެތީ، ކާބޯތަކެތި އެސަރައްދަށް ގެނެސް ފޯރުކޮށްދޭ ގޮތަށް ރާވާށެވެ. ބަތްޕާރުސަލް ތައްޔާރު ކުރެވޭތޯވެސް ވަރަށް މަސައްކަތް ކުރެވުނެވެ.
އެހެނަސް އެކަން ނުހިންގުނީ ވަގުތުން ފައިސާ ދިނުމުންނޫނީ ކޮށްދޭނެ ފަރާތެއް ހަމަޖެހޭގޮތް ނުވުމުންނެވެ. އެހެނަސް ބިސްކޯދާއި އެކިފާޑުގެ ދަޅާއި އޭތިމީތި ޖުމްހޫރީ މައިދާނަށް ޖަމާކުރެވުނެވެ. އަދި އަޑުގަދަ ކުރާ ސިސްޓަމުން ސިފައިން ކަރަންޓު ކަނޑާލުމުން ފަޅުތެރޭގައި އޮތްދޯންޏަކުން ކުޑަޖެނަރޭޓަރެއް ގެނެސްގެން އޭތިހިންގައިގެން އަޑުގަދަކުރާ ބޭނުން ކުރެވުނެވެ.
ޕެޓުރޯލް ހުސްވެދާނެތީ ޕެޓުރޯލް ފުޅިއެއް ވަކިން ގަނެގެން ގެނެސް ގެންގުޅުނީއެވެ. މިޖެނަރޭޓަރު ހޯދުމުގައި އިސްކޮށް އަމަލީގޮތުން، ފުޅާއި އެހެނިހެން ބައިވެރިން އުޅުއްވިއެވެ. ޖެނެރޭޓަރު ބެލެހެއްޓީ މުހައްމަދުފުޅު އެވެ. މިހާރަކީ ހުކުރު ދުވަހުގެ މެންދުރު ކުރިއެވެ. އެރޭއެކުގައި އަޅުގަނޑު ހުރީ ރީނދޫކުލައިގެ ގަމީހެއްގައެވެ. މިގަމީހަށް ބަދަލުކުރީ ހެދުނު ވަރަށް އަވަހަށް ގެއަށް ފާޚާނާއެއް ކޮށްލަން ގެއަށްދިޔަ ދިއުމެއްގައެވެ.
ހުކުރު ދުވަހު މެންދުރު ވަގުތާކައިރިވާން ފެށުމުން އަޅުގަނޑުމެން ނިންމީ ޝައިޚް ފަރީދު ލައްވާ ޖުމްހޫރީ މައިދާނުގައި ޚުޠުބާއެއް ދީފައި ހުކުރުނަމާދު ކުރުމަށެވެ. މިކަން ސިފައިންގެ ތެރޭގައި ތިއްބެވި ދެވަޒީރުން ކަމުގައިވާ، ޔާމީނުއާއި ފަތުޙުއްﷲ އާއި މިފަދަ ބޭފުޅުންނަށް އެނގިގެން ޖަލުން ދޫކޮށްލި ޕާޓޭންގެ ފައުޖެއް އެތަނަށް ފޮނުއްވީއެވެ. މިޕާޓޭންގެ ފައުޖުން އަޅުގަނޑު މެންއަތުން ޖެނެރޭޓަރު އަތުލަންއުޅެ، ހުކުރުކޮށް ގެންނުވާނެކަމަށް ބުނެ، ތަޅާފޮޅާއި ޒުވާބުކޮށް، ހަނގުރާމަކޮށް ހެދިއެވެ. ހިސާބަކަށް މާރާމާރީ ހިންގިއެވެ.
އޭރު އަޅުގަނޑުމެން ތިބީ ވުލޫކޮށް ތާކިހަލާއި ރުމާއަޅައިގެން ހުކުރަށް ތައްޔާރު ވެގެންނެވެ. އެއްގޮތަކަށް ވެސް ޕާޓޭންގެ މިގްރޫޕާ ހެދި ހުކުރު ކުރަންފެށޭގޮތް ނުވުމުން ޝައިޚް ފަރީދު އޭނާގެ ސަޕޯޓަރުންނާ އެކު ވަޑައިގަތީ ރަށުތެރޭގައި އެބޭފުޅުން އަމިއްލައަށް ހުކުރުކޮށް އުޅޭ މިސްކިތަކަށެވެ. ދެން އެތާތިބި އަޅުގަނޑުމެން ޖަމާއަތުގައި ބައިވެރިވީ، އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރުނަމާދުގައެވެ.
މައިދާނުގައި އެންމެން ބައިވެރިވީ އިސްލާމީ މަރްކަޒުގައި ހުކުރުކުރި ޖަމާޢަތާއެވެ. އަޅުގަނޑާ މިކަމާ ގުޅޭގޮތުން ވަރަށްގިނަ ސުވާލުތައް ތަހުގީގުގައި ސިފައިން ކުރިއެވެ. އަޅުގަނޑު ރުމާ އަޅައިގެންހުރި ފޮޓޯތައް ދައްކާހެދިއެވެ. ދިދަކަނޑާލުމަށް ފޮނުވި ޕާޓޭންތައް ބަލިކޮށްލާއި ޒަލީލުކަމައިގެން މައިދާނުން ބޭރުކޮށްލެވުނެވެ. އެހެނަސް މިއަދުގެ ހުކުރުކުރުން ހުއްޓުވުމަށް ފޮނުވުނު ޕާޓޭންތައް ކުރިމަސައްކަަތް ފެއިލްކޮށް ނުލެވުނީ ދިމާމެންދުރަށް ވެފައި މީސްކޮޅު ވެސް މަދުވުވެފައި ވުމާއި ތިބިބަޔަކު ވަރުބަލި ވެފައި ތިބުމުންނެވެ. ޕާޓޭންނަށް ދިދަކަނޑާއި ވައްޓާލެވުނު ނަމަ، ހަމައެވަގު ރައީސް މައުމޫނު ކާފިއޫ އިއުލާނު ކުރެއްވީހެވެ. ޕާޓޭންތަކަށް ގަންޖާބޯންދީފައި ފޮނުވިއިރު އެކަން އޮންނާނީ އާދަމްޒާހިރު ލައްވާ ރާވާފައެވެ.
ހުކުރުނަމާދާ ހަމައަށް ދިޔައިރު އޮތީ، ހުކުރު ނަމާދު ނިމުމުން، ކުއްލި ނުރައްކަލުގެ އޯޑަރުކަމުގައިވާ، ކާފިއޫ ހިންގުމަށް ފަހު، އެންމެން ތަޅާލާއި މުޅިމާލެ ކޮންޓްރޯލް ކުރާގޮތަށް ހަމަޖައްސައި އިދާރީ ގޮތުން ހުރިހާކަމެއް ތައްޔާރުކޮށް ފައެވެ. ވަޒީރުން ތިބެގެން ނިންމާފައެވެ. ބައެއް ސިފައިބންގެ ފަރާތުން މިޚަބަރު ލިބިފައި އޮތުމުން އަޅުގަނޑު ހުކުރުކޮށްގެން ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު، އަވަހަށް ދިޔައީ ގެއަށެވެ. ކުޑައަރާމަކަށެވެ. ކާލައިގެން ނިދާލާފައިހޭލީ ހަވީރުއެވެ.
އޭރުއޮތީ، އާދަމްޒާހިރުގެ ލަފާގެ ދަށުން، ޔާމީނާއި ފަތްޙުއްﷲ އާއި ޒާހިރު ހުސައިނާ ރައީސް މައުމޫނު ގުޅިގެން، ހިފާހައްޔަރު ކުރަންޖެހޭ މީހުންގެ ލިސްޓު، ހުކުރުވިލޭރޭ މެންދަމެއްހާ ހިސާބުގައި ތައްޔާރުކޮށް ނިންމާފައެވެ. ސިފައިންތިބީ ރައީސް މައުމޫނުގެ އޯޑަރަށް ބަލަބަލައެވެ. ތައްޔާރުގައެވެ. ކާފިއޫހިންގުމަށް ފަހު، ހުރިހާކަމެއް ކޮންޓްރޯލް ކޮށްލާނެ ގޮތާއި ރޭވުންތައް އޮތީ، އިރުއެރުމުގެ ކުރިންރާވައި ޕުލޭންކޮށް ނިންމާފައެވެ. އާދަމްޒާހިރުގެ ޕްލޭނެކެވެ.
ޕާޓޭންގެ ގްރޫޕެއް ބޮޑުދިދަ ކަނޑާލަން ފުނުވީ މިހުރިހާކަމެއް ޕްލޭންކޮށް ރާވާފައެވެ. އޭރުވެސް ފުލްކޮންޓުރޯލް އޮތީ، ސަރުކާރުގެ ދަށުގައެވެ. މަރުކަޒުގައި އެއްވެ ތިއްބެވި މިގުރޫޕުގެ ކޮމާންޑުގެ ދަށުގައެވެ. އެހެނަސް ރައީސް މައުމޫނަށް ކާފިއޫގެ އޯޑަރު އެރޭ އިރުއެރުމުގެ ކުރިން ނެރެން ކެރި ވަޑައިނުގަތީ ޕާޓޭންނަށް، އެމީހުންގެ މިޝަން އެވަގުތު ކާމިޔާބު ނުވުމުންނެވެ.
ބޮޑުދިދަ ކަނޑާވައްޓާލައި ބިމާހަމަކޮށް ނުލެވުމުންނެވެ. އެކަންކުރެވުނު ނަމަ، އެރޭއެވަގުތު ކާފިއޫހިންގާއި ހަވަރު ރަނގަޅަށް ތަލާލާއި ފަހާލީހެވެ. އަޅުގަނޑު މެންގެ ގަދަ ހިތްވަރުން ޕާޓޭންތައް ފަހާއި ގިއްގަޅުވާލުމުން، އެވެރިންނަށް ލިބުނު އަނިޔާތަކާއި ގެއްލުމައިގެން ޕާޓޭންތައް ފަހަތަށްޖެހި ސަރުކާރަށް ތާއީދުކުރާ މީހުންގަނޑު ތެރެއަށް ދުވެގޮސްވަދެ ފިލައިފިއެވެ. ދެން، ކާފިއޫހިންގުންމުގެ ކަންތައް ލަސްވެގެން ދިޔައީ ހުކުރުނަމާދަށް ފަހަށެވެ.
އިސްލާމީ މަރްކަޒުގައި ކުރެވުނު ފަތިސްނަމާދު:
ފަތިސްނަމާދަށް ބަންގިގޮވުމުން އަޅުގަނޑު މެންރޭވީ، ޖުމްހޫރީ މައިދާނުގައި ޝައިޚް ފަރީގު އިސްކޮށް ހުންނަވައިގެން ޖަމާޢަތުގައި ފަތިސްނަމާދު ކުރާށެވެ. އެހެނަސް ވުޟޫއުކުރަން އިސްލާމީ މަރުކަޒަށްގޮސް އެކަން ނިމުނުއިރު ޖަމާޢަތްފަށަން ތައްޔާރު ވެފައިއޮތުމުން، ޝައިޚް ފަރީދުގެ ބަހަށް އަޅުގަނޑުމެން ނިންމީ މިސްކިތަށްއަރާ ޝައިޚް ފަރީދު އިމާމުވެ ފަތިސްނަމާދު ކޮށްދޭށެވެ.
ވަރަށް ފަސޭހައިން ކަންހިނގާ ދިޔައީ މިގޮތަށެވެ. 13 އޯގަސްޓް 2004 ވަނަ ދުވަހު ފަތިހު އިސްލާމީ މަރްކަޒުގައި ޝައިޚް ފަރީދުގެ އިމާމުކަމުގެ ދަށުގައި ކުރެވުނު ފަތިސްނަމާދަކީ، ދިވެހިތާރީޚުގައި ފާހަގަކޮށްލަން ޖެހޭ ފަރުލުނަމާދެކެވެ. ޚާއްސަ ކަންތަކެއް، ﷲއަށް ދެންނެވުނު މަޑުމޯޅިކަމުން ފުރިގެންވާ އަސަރުތަކެއް ކުރުވާ ކަރުނަ އެޅުނު ނަމާދެކެވެ. ގިނަބަޔަކު ރޮއި ކަރުނަ އެޅި ނަމާދެކެވެ. އެއަޑުއެހީމެވެ. އެމަންޒަރު ކައިރިން ދުށީމެވެ.
އެރޭގެ ޤުނޫތުގައި ޝައިޚް ފަރީދު ރޮމުން އެވިދާޅުވި ދުޢާގެ ޢިބާރާތްތައް، ދިވެހި ތާރީޚަށްޓަކައި ފޮރުވަން ޖެހޭނެއެވެ. ޝައިޚް ފަރީދުގެ ޑައިރީގައި އެދުޢާ ލިޔެދެއްވުމަކީ، ފަހުން އަންނާންތިބި ދިވެހިޖީލަށް ބޭނުންތެރި ކަމެކެވެ. އެކަން ކުރައްވާނެ ކަމުގައި ގަބޫލުކުރަމެވެ. އަޅުގަނޑަށް އެޢިބާރާތްރައް ނޯޓުކުރެވިފައެއް ނެތެވެ. ރައީސް މައުމޫނުގެ ސަރުކާރު ބަދަލުކޮށް ދެއްވުންއެދި އެހާބޮޑު ޖަމާޢަތެއްއެއްވެ މިއީ ފަރުލުނަމާދުގެ ޖަމާއަތެއްގައި ދުޢާކުރެވުނު ފުރަތަމަ ފަހަރެވެ.
ރައީސް މައުމޫނަށް ވަރަށްވަފާތެރި ބޭފުޅުންވެސް މިދުޢާއަށް އާމީންކިޔަމުން ގެންދިޔަމަންޒަރު އަޅުގަނޑު ދުށީމެވެ. ބޮޑުބައި ޢަރަބިބަހުން ގެންދެވީމާ ޝައިޚް ފަރީދު ވިދާޅުވާއެއްޗެއް މިބޭފޫޅުންނަށް ރެއަކާނުލަނީއެވެ. އެހެނަސް މަޑުމޯޅިވެ، ޚުޝޫޢަތްތެރި ކަންމަތީގައި ﷲއަށް އާމީން! އާމީން! (އާދޭހެވެ! އާދޭހެވެ!) ހަރުއަޑުން ދަންނަވަމުން ގެންދިޔައީއެވެ. އަޅުގަނޑައި ވަރަށް ކައިރީގައި ވަޒީރެއް ކަމުގައިވާ، އަލްފާޟިލް ޢުމަރު ޒާހިރު ހުންނެވިއެވެ. ލޮލުން ކަރުނަފޮދު އޮހެރިފައި ހުއްޓެވެ.
ބުއިމާއި ކެއުމުގެ އިންތިޒާމް ހަމަޖެއްސުން:
އެންމެފުރަތަމަ މިބުއްދި ދެއްވީ އެމެރިކާގައި ހުންނެވި، ސިޔާސީ ލީޑަރެއް (ޑޮކްޓަރު ވަހީދު) ގެ ކިބައިން، ބޭރުންނެވެ. ހަވަރަށް، އެއްވެ ތަނެއްގައި ގިނައިރު ތިބެވޭނީ ކައިބޮއި ހެދިގެންކަމަށް ބުނެދެއްވިއެވެ. ހުކުރު ވިލޭރޭ ދަންވަރު އަލީވަހީދު ބޭރަށް ޚަބަރުތައް ދެމުންދިއުމުގެ ތެރޭގައި ޑޮކްޓަރ ވަހީދަށް ގުނުޅު ފަހަރެއްގައި ތިތާތިބިމީހުންނަށް ކާންބޯނެއެއްޗެއް ނުލިބި ނުވާނެކަމާއި އެމީހުންނަށް ތިބެވޭނީވެސް ކެއުންބުއިން ހަމަޖެހިގެންނޫންހޭ އޭނާދެންނެވުމުން، އަލީވަހީދު މިވާހަކަ ނަޒާކީ އިބްރާހީމް ޒަކީއާއި އަޅުގަނޑަށް އަންގައި އެރޭ ގެއިން ނުނިކުމެ ހުންނެވި، އޭނާއޭނާގެބޭބެ ނަޒާކީ މުޙައްމަދު ޒަކީއަށް ގުޅުމުން، މުޙައްމަދު ޒަކީ އޭނާގެ ދެބޭންގެދެދަރި ބޭބެއެއްކަމުގައިވާ، އެލިއާ ޢަލީޢަބްދުﷲ (އަލިބެ) އަށް ގުޅައިގެން ފެނާއި ޖޫހާއި ބިސްކޯދުގެ ކަންތައް އިންތިޒާމް ކުރީއެވެ.
މިގޮތުންލިބުނު ފެންތައް އުފުލާ ހެދުމުގައި އަބްޖީއާއި ފުރަހަނި ޝުޢައިބާއި އޯކޭޒާހިރާއި އަޅުގަނޑާއި ވަރަށްގިނަ އެކްޓިވިސްޓުން ޢަމަލީގޮތުން މިކަމުގައި ބައިވެރިވިއެވެ. ފެންހިފައިގެން އައި ޕިކަޕަށް އަމީރުއަހްމަދު މަގަށް ނުވަދެވިގެން، މިބޭފުޅުން ފެންއުފުއްލެވީ އަމިއްލަ ކޮނޑުގައެވެ.
މިފޮޓޯތައް ދެއްކުމަށް ފަހު، މިކަމާ ތަހުގީގުތެރޭގައި ސުވާލުކުރިއެވެ. މާލަހެއްނުވެ، އެކިދިމާ ދިމާއިން ކެއުންބުއިން ލިބެންފަށައިފިއެވެ. މިއެހީތައް ފޯރުވުމުގައި ފާހަގަކޮށްލެވޭ ބޭފުޅުންނަކީ، އަލީއަބްދުﷲ އެވެ. އަދި މިކަމުގައި ރާޑޯޒާހިރާއި އޯކޭޒާހިރާއި އަބުޖީމެން ފާހަގަކުރެވެއެވެ.
މިވާހަކަތައް ބަރާބަރަށް އިނގިރޭސި ވިލާތުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ވަގުތުންވަގުތަށް އަންގަމުން ދިޔައެވެ. އަދި ސަންދާނު ލުތުފީއަށާއި ޑޮކްޓަރ ވަހީދަށް ވެސް ބަރާބަރަށް އަންގަމުން ގެންދެވުނެވެ. ބޭރުން މިހަރަކާތް ދިގުދަންމާއި ވަރުގަދަކުރުމަށް އޯޑަރުތައް ލިބެމުން ދިޔައެވެ.
ޚައްސަކޮށް މިކަމުގައި ސަންދާނު ލުތުފީ ކުޅުއްވިރޯލް ހަދާންކުރަން ޖެހެއެވެ. އަނެއްދުވަހު އޮފީސްތައް ހުޅުވިގެން، ސަންދާނު ލުޠުފީއަށް މިވާހަކަތައް އީޔޫގެ ބޭފުޅުންނަށް، ހޫނުކަމާއެކު ފޯރުކޮށް ދެވެންދެން، ހަވަރުގެ ކަންތައް ކުރިޔަށް ގެންގޮސްދެއްވީ، ސަންދާނު އަހަންމައިދީގެ ހިތްވަރުންނެވެ.
އެހާ ސީރިއަސްކޮށް، އަވަސް މަސްސަލައެއްގެ ގޮތުގައި އީޔޫން މިކަންނެގީ އެހެންވެގެންނެވެ. އަހަންމައިދީއާއި ޝައިޚްފަރީދު މައިކުގައި ހޭދަކުރެއްވި ގިނަވަގުތުތަކަކީ މިކަންތައް ދެންމުމަށް ކުރެވުނު މަސައްކަތެވެ. އަދި ލިބުނުހިތްވަރެވެ. ކަޅުހުކުރުގައި އަޅުގަނޑުގެ ރޯލަކަށް އޮތީ އިންތިޒާމުތައް ރޭވުމާއި ޚަބަރުތައް އެއްކޮށް ބޭރުކުރުމެވެ.
ފޮޓޯތަކުގައި އަބަދުވެސް ފޯނުކަންފަތުގައި ހުންނާތީ އަޅުގަނޑައި މިސުވާލުތައް ސިފައިން ކުރިއެވެ. އަދި އަދަށްވެސް ސިފައިން އަތުލި އަޅުގަނޑުގެ މޯބައިލްފޯނުގެ ސިމްވަނީ ނުލިބިއެވެ. އަދިވެސް ވަނީ، އެމީހުންގެ ތަހްލީލުތަކުގައެވެ. ފޯނުދިނީ މިނިވަންވީތާ އެތައް ދުވަހެއް ފަހުންނެވެ. ލިބުނީ ހޯދުމަށް އެދި ސިޓީ ލައިގެންނެވެ. މިއީ އެރޭ ހަތަރުދަމު ލައިގެން ހުރި ހެދުމެވެ. އަތުގައި އެވަނީ މިކަމުގައި ބޭނުންކުރެވުނު ފޯނެވެ.
ޙާދިޘާ ހިނގިދުވަސް:
13 އޯގަސްޓް 2004 ވީހުކުރު ދުވަހުގެ އިރުއަރައިގެން އައިއިރު، މުޅިޖުމްހޫރީ މައިދާންއޮތީ ތޮއްޖެހި ފުރިބާރު ވެފައެވެ. ހަވަރުއޮތީ ސަރުކާރާ ދެކޮޅަށް ނުކުމެ އުތުރިއަރާފައެވެ. ސަރުކާރާދެކޮޅަށް އެއްވެފައިތިބި މީހުންގެ އަދަދު ވަރަށްގިނައެވެ. މުޅިޖުމްހޫރީ މައިދާނާއި ޖުމްހޫރީ މައިދާނަށް ހަތަރުދިމާލުން އަންނަންއޮތް މަގުތައްއޮތީ ފުރިބާރުވެފައެވެ.
ގިނަބަޔަކުތިބީ ބޮޑުދިދައަށް ކުރިމަތިވާ ގޮތަށް ދެފައިވަށްކޮށް އިށީދެލައި ގެންނެވެ. އިށީދެތިބި މީހުންނަށް ހިއްވަރުދިނުމުގެ ގޮތުން އަބަދުވެސް ބަޔަކު ހަރަކާތްތެރި ވިއެވެ. މިމީހުން ތިބެނީ ހިނގާލަ ހިނގާލައެވެ. މައިކް އަބަދުވެސް އޮންކޮށް ބޭއްވުމަށެވެ.
އަޅުގަނޑުގެ ޒިންމާރޭވިފައި އޮތީމިބައިގެ ތެރޭގައެވެ. އަބަދުވެސް އުޅެންޖެހުނީ ހަރަކާތުގައެވެ. ބޭރާގުޅުމާއި ފެންވެއްދުމާއި މައިކް ހުސްކޮށް އޮތަނުދިނުމާއި މިކަހަލަ އެތައްކަމެއް ބަލަހައްޓަން ޖެހުނެވެ. މޫވީތަކުންނާއި ފޮޓޯތަކުން އަޅުގަނޑުގެ ދައުރުފާހަގަ ކުރެވިފައި އޮތުމުން އެސުވާލުތައް ކުރިއެވެ. ސަންދާނު ޑީޑީއާއި މުޙައްމަދު އިއާޒު ގެނެސް ހިއްވަރުދީ އެތައްފަހަރަކު ތަކުރާރުކޮށް މައިކަށް އަރުވަން ޖެހުނެވެ.
ސަންދާނު އަހަންމައިދީގެ ދައުރަކީ އީޔޫޕާލަމެންޓްގެ އޮފީސްތައް ހުޅުވެންދެން މިހަރަކާތް ދިގުދެންމުމެވެ. މިކަންކޮށްދިނުމަށް އަންގަމުން ގެންދެވީ ސްވިޓްޒަލޭންޑައި ހުންނެވި ސަންދާނު ލުތުފީއެވެ. އަޅުގަނޑާއި ބޭރަށް ޚަބަރުތައް ފޮނުވަމުން ގެންދިޔަ މީހުންނާ އަބަދުހެންހުރީ ގުޅިފައެވެ. ތިންފަހަރަށް އަޅުގަނޑުގެ ފޯނުގެ ބެޓެރީ ބަދަލުކުރަން ޖެހުނެވެ.
އަލީއަބްދުﷲ، އަލިބެއާއި ސިލްވަރސީން އަލީވަހީދާއި އަދި ދޭތެރެދޭތެރެިން ބޭރުގައި ތިބިމީހުންނާ ތަކުރާރުކޮށް ގުޅަން ޖެހުނެވެ. މިހުރިހާ ކަމެއްގައި އަޅުގަނޑު އުޅެންޖެހުނީ ވަރަށް އަވަދިނެތި ތާށި ވެގެންނެވެ. އަބަދުހެންހުރީ މަޝްޣޫލް ވެފައެވެ. ޖުމްހޫރީ މައިދާނާ ދުރުގައިވެސް ބައިވަރުމީހުން ކުޅިބަލަން ތިއްބެވެ.
އަދި ވަރަށް ދުރުގައި މަންޒަރު ބަލަން ބައެއް މީހުންތިއްބެވެ. މިއެންމެން ތެރޭގައި އެނބުރި ބޭރުން އަންނަ މެސެޖްތައްދީ ހިތްވަރުދޭން އުޅެން ޖެހުނެވެ. ޚާއްސަ މަޖިލީހުގެ މެމްބަރުންގެ އިތުރަށް މައިކް ދަމަހައްޓައިދިން ބޭފުޅުންނަކީ، ސަންދާނު އަހަންމައިދީ އާއި ޝައިޚް ފަރީދާއި ނައުޝާދު ވަހީދު، ނޯބެއާއި ފުރަހަނި ޝުޢައިބާއި ސަންދާނު ނިސްރީނު، ނިންނިއާއި އިސްމާޢީލް ޢާޞިފް، އާސިއްޕެއާއި އައްޑުއަތޮޅު މުޙައްމަދު އިޔާޒުއާއި އަބްދުއްލަތީފް ސުލައިމާނާއި މުޙައްމަދު ފުޅާ މިފަދަ ހަރަކާތް ތެރީންނެވެ.
ސަރުކާރާ އެއްކޮޅަށް އަޑުއުފުލި މީހުންގެ ނޭއްގާނީ ހަރަކާތްތައް މެދުކެނޑުމަށް ފަހު، ހުކުރު ދުވަހު ހެނދުނު އަނެއްކާވެސް ފެށުނެވެ. ރޭގައި ކުރެވުނު މަސައްކަތްތައް ފެއިލްވުމުން ހެދުނު އައިސްތިބީ އަލުން ތައްޔާރު ވެގެންނެވެ. ސަރުކާރުގެ އެހީތެރިކަމާ ސިފައިންގެ މަދަދާ އެކުގައެވެ.
މެދުސައިޒް ޕިކަޕެއްގައި ބޮޑެތި އަޑުޕޮށި ތަކެއްހަރުކޮށް އެޕިކަޕްގެ ބޭނުންހިފޭތޯ ވެސް އުޅުނެވެ. މީތި ޖުމްހޫރީ މައިދާނަށް ވެއްދޭތޯ މަސައްކަތްކުރި މީހުންގެ ތެރޭގައި މަޝްހޫރު އައިޑީ އުޅުއްވިތަން ފެނުނެވެ. އޭނާއާ އެތަނުން އަޅުގަނޑު ވާހަކަ ދައްކާހެދީމެވެ. އޭނާބުނީ އޮފީހުން އަންގައިގެންކުރި ކަމެއްވީމާ އެކަމުގައި އުޅެނީކަމަށެވެ.
ކޮންމެއަކަސް މިކަން މާބޮޑަކަށް ކާމިޔާބެއް ނުވިއެވެ. ވަކިހިސާބަކުން އޭތިނުވެއްދުނެވެ. ދެން ދެވުނު ހިސާބެއްގައި މަޑުކޮށްފައި ބޭއްވީއެވެ. މިމީހުން އަތުގައި މެގަފޯނުގެ އިތުރުން ވަރުގަދަ ސައުންޑަ ސިސްޓަމެއް ހުއްޓެވެ. މިތަކެތި ބޭނުންކޮށްގެން އެމީހުންގޮވަމުން ދިޔައީ ސަރުކާރަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.
އަދި ރައްޔިތުންގެ ތާއީދުއޮތީ ރައީސް މައުމޫނު ސަރުކާރަށް ކަމަށެވެ. ގާނޫނާ ޚިލާފަށް ސަރުކާރާ ދެކޮޅަށް ހިންގަމުން ގެންދާ ޣައިރު ގާނޫނީ ކަންތައް ވަގުތުން ހުއްޓާލުމަށް ގޮވިއެވެ. މިމީހުންގެ ތެރޭގައި ހއ.އަތޮޅު މެމްބަރު އަޙްމަދު ނިޒާމާއި ދ.އަތޮޅު މެމްބަރު އިސްމާޢީލް ޒާހިރާއި އަދި ރައީސް މައުމޫނުގެ އާޢިލީ ބައެއްބޭފުޅުން ހިމެނި ވަޑައިގެން ނެވިއެވެ.
އަދި، މިމީހުންގެ ތެރޭގައި ޑޮކްޓަރ ފާތިން ޙަމީދާއި އަދިވެސް މީނާގެ އިތުރުން ޙަމީދުގެ ބައެއްބޭފުޅުން ބައިވެރިވިއެވެ. އަދި ރައީސް މައުމޫނާއެކު މިސްރުގައި ކިޔާވާވިދާޅުވި ބައެއް އަރިސްބޭފުޅުން ތިއްބެވިއެވެ. ރައީސް މައުމޫނު އެދި ވަޑައިގަތުމުން ވަޑައިގެން ތިއްބެވީކަން ރީއްޗަށް އެނގެއެވެ. އަދި ގިނައަދަދެއްގެ ޒުވާނުން ތިއްބެވެ. ޕާޓޭން ވެސް ގެނެސްފައި ތިއްބެވެ. ޖަލު ދޮރުތައް ހުޅުވާލާފައި ދޫކޮށްލި މީހުންތައް ވެސް އޮތެވެ.
މިއެންމެން ރައީސް މައުމޫނުގެ ސަރުކާރަށް ތާއީދުކޮށް، އެމީހުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލަމުން ދިޔަމީހުންގެ އަމަލުތައް ކުށްވެރިކޮށް އެމީހުންނަށް ފުރައްސާރަކޮށް، ގޯނާކުރަމުން ޖުމްހޫރީ މައިދާނުގެ ބޭރުބޭރުން ހިނގާހެދިއެވެ. އަޑުގަދަކުރިއެވެ. ސިފައިންނާއި ފުލުހުންގެ އެހީގައެވެ. އަދި ސަރުކާރާ ދެކޮޅަށް އެއްވެތިބި އަޑުއުފުލަމުން ދިޔަމީހުންގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިއެވެ. އެހެނަސް މިމީހުންނާ އަޅާބަލާއިރު، ސަރުކާރާ ދެކޮޅަށް ނުކުމެތިބި މީހުންގެ އަދަދު މާބޮޑަށް ވެސް ގިނަކަމާއެކު، އެމީހުންގެ ކުރިމަތީގައި މިމީހުންގެ އަޑުމަޑުވެ ފަހަތަށް ޖެހެން މަޖްބޫރުވީއެވެ.
ހެނދުނު އަށެއްޖެހިތަނާ، ސިފައިންގެ ހެޑްކްއޯޓަޒް ތެރޭގައި ކެބިނެޓް ބައްދަލުވުމެއް ބާއްވާކަމުގެ އަޑުއެރިއެވެ. އަދި ރައީސް މައުމޫނުގެ ކާރުކޮޅާއި ބައެއް ވަޒީރުންގެ ކާރުކޮޅުތައް ސިފައިންގެ މައިދޮރާށިން އެތެރެއަށް ވަތްތަން ފެނުނެވެ. މިބައްދަލުވުމުގައި ސަރުކާރާ ދެކޮޅަށް އެއްވެތިބި މީހުން އެދުނު ކަންތައްތަކާ އެއްގޮތަށް ސަރުކާރުން އަމަލު ކުރައްވާނެ ކަމުގެ އަޑުތައް ސަރުކާރާ ދެކޮޅަށް އެއްވެފައިތިބި މީހުންގެ ތެރެއަށްނެރެ، އެވާހަކަގަދައަށް ދެކެވުނެވެ.
މިއަޑުތައް އެރުވީ ސީދާ ސިފައިންނެވެ. އަދި ސިފައިންނާގުޅޭ އަޅުގަނޑު މެންތެރޭގައި ތިއްބެވި، އިބުރާ، ގާސިމް މެންފަދަ ބޭފުޅުންގެ ފަރާތުން މިވާހަކަތައް ރިވާވެގެން އައިސްގެންނެވެ. އަދި އަށެއްޖަހާ އެހާކަންހާއިރު، ސިފައިންގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ މުޙައްމަދު ޒާހިރު، ޓޫޓޫ އާދައިގެ ހެދުމުގައި ހުންނަވައި ޖުމްހޫރީ މައިދާން ތެރެއަށް ވެންނެވިއެވެ.
އަޅުގަނޑު މެންނާސަލާމްކޮށް ވާހަކަދައްކަވާ ހެއްދެވިއެވެ. ސުލްޙަވެރިކަމާއެކު ނިންމާލުމަށް ބާރުއެޅުއްވިއެވެ. އަވަހަށް ގެއަށް ދިއުމަށް އެދުނެވެ. ޓޫޓޫގެ މިބުރަކީ އަޖުމަ ބައްލަވާ ލެއްވުމުގެ ބަރެއްކަން އަޅުގަނޑަށް އެނގުނެވެ.
ބަރާބަރަށް މިވާހަކަތައް ބޭރަށް އަންގަމުން ގެންދިޔައީމެވެ. އެހެނަސް އިބުރާމެން ގާސިމުމެން އަޅާނުލުމުން ހުކުރު ނަމާދާ ހަމައަށް ދިޔައިރު މީހުންތައް ތިބީ ވަރުބަލިވެ އެއްބަޔަކު އެމީހުންގެ ގެތަކަށް ގޮސް މީހުންތައް ބޮޑުކޮށް މަދުވާން ފަށާފައެވެ.
ޓޫޓޫއާއެކު ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވި ސިފައިންގެ ބޭކަލުން ސައުންޑް ސިސްޓަމް އަނެއްކާވެސް ގެންދެވޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެނަސް އެކަމެއް ނުކުރެއްވުނެވެ. ހަވަރު ތެރެއިން ބައެއްމީހުން ހުސްފުޅި އުކާވެސް ހެދިއެވެ. ގިނަމީހުން މިކަމާ ހުރަސްއަޅާ ދެކޮޅު ހެދުމުން، ޓޫޓޫއާއި އޭނާއާއެކު ވަޑައިގެންނެވި ސިފައިންގެ ބޭކަލުން އެނބުރި ޖުމްހޫރީ މައިދާން ދޫކުރައްވައި ވަޑައިގަތީއެވެ.
ގިނައަދަދެއްގެ ސިފައިން އަރައިފުރި ބާރުވެފައި ތިބި ލޮރީއެއް ސިފައިންގެ މައިގޭޓުން އެތެރެއަށް ވަތްތަން ފެނުނެވެ. މިމީހުންތިބީ، މިލްޓްރީ ހެލްމެޓްއަޅާއި ޝީލްޑު ހިފައިގެން ވަރަށް ބޮޑަށް ކުއްލި ހަރަކާތަކަށް ރެޑީވެގެންނެވެ. ދެން ދެކެވެންފެށި ވާހަކައަކީ މާފުށީ ޖަލުހަލާކު ކޮށްލައިގެން ގައިދީންތައް ނުކުމެއްޖެ ވާހަކައެވެ. އަދި ގައިދީންގެ ބަޔަކު އެރަށުފަޅުގައި އޮތްދޯންޏެއް ކަނޑާލައިގެން މާލެއަންނަ ވާހަކައެވެ. އަދި ކަނޑުމަތިން ކޯސްޓަގާޑު ގޮސް އެމީހުންގަޔަށް ކަރުނަގޭސް ޖަހާއި ދޯނިފައްތާލާއި މީހުންކޮޅު ނެގިވާހަކައެވެ.
މިޚަބަރު ހުސްނުއްސުއޫދަށް ލިބުމުން މައިކް ހޯދުމަށް ފަހު، މިވާހަކަތައް އެއްވެފައިތިބި މީހުންގެ ސަމާލުކަމަށް ގެނައެވެ. އަދި މިކަންހޫނު ގަނޑަކަށް ބަދަލުވެ ބައެއް ސިފައިންނަށް ހަމަލާދީ ދެމީހެއްގެ ގަޔަށް ޕާޓޭންގެ ބަޔަކު ހަމަލާ ދިނެވެ. މިއީ އިސްލާހީ ހަރަކާތުގެ ބައިވެރިން ހިންގި އަމަލުތަކެއް ނޫނެވެ.
މިއީ ސިފައިންގޭތެރެއިން ރޭވިގެން ނުކުތް ބަދަލު ހިފުމުގެ އޮއިވަރެކެވެ. ބޮޑުންތައް ސިފައިންގެ ތެރޭގައި ތިބެގެން ހުރިހާ ގައިދީންތައް ޖަލުތަކުގެ ދޮރުތައް ހުޅުވާލާފައި ދޫކޮށްލުމަށް ފަހު އެމީހުންލައްވާއި ސިފައިންނަށް ހަމަލާދީފައި ކާފިއޫ ހިންގހުމަށް ހުރިހާކަމެއް ތައްޔާރުކޮށް ނިންމީއެވެ. ވަޒީރުން އެއްކުރީ ރަސްމީކޮށް ކެބިނެޓު ޖަލްސާއެއް ޔައިމިއްޔާކޮށްލާށެވެ.
ކުރިން އޮތީ ލިޔުންތައް ރެޑީކޮށް ހަދާފައެވެ. އާދެ، ހާދިސާފެށުނު ގޮތާއި ނިމިގެން މިދިޔަގޮތުން މިޙާދިޘާގެ ފަހަތުގައި ފޮރުވިފަވާ ސިޔާސީ ތަދްބީރުތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ. މިއީ ރޭވިގެން ހިންގުނު ސިޔާސީ މުއާމަރާއެކެވެ. ފަހުގެ ދުވަސްތަކުގައި މިދިރާސާ ހަދާނެ ކިޔަވާ ކުދިން އެބަތިބެން ޖެހެއެވެ. ފެންނާން ޖެހެއެވެ. ބަޔަކު މީހުން ތާރީޚު އޮޅުވާލިޔަދީގެން ނުވާނެއެވެ.
ޖުމްހޫރީ މައިދާނަށް އެއްވި މީހުންގެ ފަރާތުން، ސިފައިންގެ އިދާރާއަށް ވެސް އެކިވަރުގެ ކުދިކުދި ހަމަލާތައް އަމާޒުވިއެވެ. ގަލާއިލަޓިބުރި ފަދައެއްޗެތި ސިފައިންގެ ޢިމާރާތްތަކާ ދިމާއަށްއުކާ ހެދިއެވެ. ސީސީޓީވީ މުގުރާލަން އުޅުތަން ފެނުނެވެ. އެއްވެ ތިބިމީހުންގެ ތެރެއިން މީހަކު އެއްލިގާބުރިއަކުން ޖެހި، ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކުޑަދޮރެއްގެ ބިއްލޫރިތައް ތަޅައިގެން ދިޔައެވެ.
ޕާޓޭންވެސް މިކަމުގެ ތެރޭގައި ހަރަކާތްތެރި ވިއެވެ. ފަހެ، މިހުރިހާކަމެއް ހިންގީ ޖަލުތަކުން ނެރެފައި ފޮނުވި ޕާޓޭންނާއި ކުލަހެދުމުގައި ތިބި ސިއްރު ސިފައިނާއި ސިއްރު ފުލުހުންގެ މީހުންނެވެ. މިއީ ސިފައިންގެ ތެރެއިން ރޭވިގެން ހިންގުނު ސިޔާސީ ރޭވުންގަނޑެކެވެ. ރައީސް މައުމޫނާއި ފަތުހުﷲ އާއި ޔާމީނާއި އާދަން ޒާހިރުމެން ތިބެގެން ރޭވިސިއްރު ރޭވުންގަނޑެކެވެ.
ބޭނުންވީ ކާފިއޫ ހިންގާފައި އެމީހުންބޭނުންވާ ސިޔާސީ ބަޔަކު ހައްޔަރުކޮށް، މުޅިއުމުރަށް އެމީހުންގެ ޒިންދަގީ ދުއްވާލާށެވެ. އެހެނަސް، ﷲގެ ރަޙްމަތުން އެކަން އެހެންނުވީ ބައިވަރު ސަބަބުތައް މެދުވެރި ވީމައެވެ. އަޅުގަނޑު ދަންނަވަމުން މިގެންދަނީ، ޖަލުގައި މީހަކުމަރާލާއި ބަޑިޖެހި ޙާދިޘާއާއި މިޙާދިޘާއަކީ ވަރަށްފުންކޮށް ބަޔަކު ދިރާސާ ކުރަންޖެހޭނެ ދެޙާދިޘާ ކަމުގައެވެ. މިދެހާދިސާގައި ވެސް ބޮޑެތިރޭވުންތަކެއް ސަރުކާރުން ރާވައިގެން ހިންގިއެވެ. ސަރުކާރު ބަދަހިކޮށް އިތުރަށް ދަންމާށެވެ!
ބައެއްގައުމު ތަކުގައި ސިޔާސީކުޅިގަނޑު ފެށިފައި ހުންނަނީ ކޮންމެވެސް ސިޔާސީމަރަކާ ގުޅުވައި ގެންނެވެ. ކުދިގައުމުތަކުގެ ދުވަސްވީ ވެރިކަން ދެމެހެއްޓުމަށާއި އަދި ފުރޮޅާލުމަށް ދުނިޔޭގެ ސަހުޔޫނީ ޔަހޫދީ ސިއްރުބާރުން މިކަހަލަ ރޭވުންތައް ރާވައިދީ ހަދާފައި އެބަހުއްޓެވެ.
ހުކުރު ވަގުތު ކައިރިވަމުން އައިއިރު އަޑުގަދަކުރާ ބޭނުންކޮށްގެން ސިފައިންގެއިން އަންގަވަމުން ގެންދެވީ، ޖުމްހޫރީ މައިދާނަށް އެއްވެތިބި މީހުން، އެސަރަޙައްދު ދޫކޮށް ދިއުމަށެވެ. އެހެންނަމަވެސް ސިފައިންގެއިން އަންގާކޮންމެ އެންގުމަކަށް، ޖުމްހޫރީ މައިދާނުގައި އެއްވެތިބި މީހުން، ރައްދުދީ ނުރުހުން ފާޅުކުރަމުން ގެންދިޔައެވެ. ރައްޔިތުންތައް މަދުވެ ގިނަމީހުން ގެއަސް ދިއުމުން، ބޮޑެތި ގަޑުބަޑުތައް ހަދަމުން ގެންދިޔައެވެ. ކޮންޓްރޯލް ނަގާފައިވަނީ ޖަލުންނުކުތް ޕާޓޭންގެ ގްރޫޕުގަނޑެވެ.
ހުކުރުން މީހުންފައިބަން ފެށިވަގުތު ހުރަވީބިލްޑިންގުގެ ދެވަނަ ބުރީގައިހުރި، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ދޮރުފަތުގައި މީގެތެރޭން ބަޔަކު ގަސްދުގައި އަލިފާން ރޯކޮށްލިއެވެ. އޭރުއެސަރަޙައްދު ގައިއޮތް އަލިފާންނިއްވާ ލޮރީން އިސާހިތަކު އެއަލިފާންގަނޑު ނިއްވާލިއެވެ.
މިހުރިހާ ކަމަކީ ފަޔަރގެނެސް ރާވައިގެން ހިންގުނު ކަންތަކެވެ. މިއީ ސަރުކާރާ ދެކޮޅަށް ޖުމްހޫރީ މައިދާނަށް އެއްވިމީހުން ހިންގިއަމަލެއް ކަމަށް ސަރުކާރުން ސިފަކުރިއެވެ. ޓީވީން ބުނަމުން ގެންދިޔައެވެ. ނަމަވެސް ސަރުކާރާ ދެކޮޅަށް އެއްވި އިސްލާހީ ހަރަކާތުގެ މީހުން، މިކަންތައް ތުހުމަތުކޮށް އެޅުވަނީ ސިފައިންގެ ބޮލުގައެވެ. ސަރުކާރުން ރާވައިގެން ކުޅުނު “ސިޔާސީ ޑްރާމާ” އެއްކަމަށެވެ. ޙަޤީޤަތަކީވެސް މިއެވެ.
އިސްލާމީ މަރްކަޒުން ހުކުރު ކޮށްގެންފޭބި ގިނަމީހުން ޖުމްހޫރީ މައިދާނަށް އެއްވިއެވެ. އަވިގަދަ ވަގުތެއްކަމުން އެއްވިގިނަ މީހުންތިބީ ޖުމްހޫރީ މައިދާނުގައިހުރި ރުއްގަހުގެ ހިޔަލުގައެވެ. މީގެތެރޭގައި ގިނައީ ހުކުރުން ފައިބައިގެން ގެއަށްނުގޮސް ކުޅިބަލަންތިބި މީހުންނެވެ. މުޒާރާގެ އެއްވެސް ރޫހެއް ނެތެވެ. ފަތިސްވުމަށް ފަހު ވަނީ އެރޫހު ގެއްލިފައެވެ. ހެނދުނާއަޅާ ބަލާއިރު، އެސަރަހައްދުގައި ތިބި މީހުންގެ އަދަދު މަދުކަން ފާހަގަ ކުރެވެއެވެ.
އޭރު އެސަރައްދުގައި މަގުމަތީގައި ހުކުރުކޮށް ހަދައިގެން އަޅުގަނޑު ވެސް ކުޑަކޮށް މަޑުކޮށްލައިގެން އިރުކޮޅަކަށް ހުރީމެވެ. ހުކުރަށް ފަހު މިސަރައްދު ކޮންޓްރޯލް ކުރަމުން ގެންދިޔައީ ޕާޓޭންނާއި ސިފައިން ބަލަހައްޓަމުން ގެންދިޔަ ބައެކެވެ. މިމީހުންތައް ސަރުކާރާދެކޮޅު އަޑުތައް އުފުލަން ފެށިއެވެ. ތަފާތު މީސްމީހުން އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުން ގެންދިޔައެވެ. މިމަންޒަރު ފެނިފައި އިސްލާހީ ހަރަކާތުގެ ފަހުމީހެއްގެ ހައިސިއްޔަތުން ވީދެރައިން އަވަހަށް އަޅުގަނޑު ވެސް ގެއަށްގޮސް ނިދަން އޮށޯތީއެވެ. ބަންދު ކުރުމުގެ ކުރިން ނިދާލުމުގެ ނިޔަތުގައެވެ. ފެންނަމުންދިޔަ މަންޒަރުތަކުން ވަރަށް ފޫހިވިއެވެ. އަސަރުކުރިއެވެ.
މެންދުރުފަހު ދޭއްހަޖާ ކަންހާއިރު އެއްވެފައިވާ މީހުންނާ މުޚާޠަބުކޮށް ސިފައިންގެ މައިމަރުކަޒު ތެރެއިން ދީނީނަޞޭޙަތް ދެމުން ގެންދިޔައެވެ. ސައުންޑް ސިސްޓަމް އެހީގައި މިއަޑުކިތަންމެ ބާރަށް ޖުމްހޫރީ މައިދާނަށް އިވުނުނަމަވެސް، ޖުމްހޫރީ މައިދާނަށް އެއްވެފައިތިބި ގިނަބަޔަކު އެވާހަކަތަކަށް ދިނީބީރު ކަންފަތެވެ. އިޖާބައެއް ނުދިނެވެ.
އެންމެފަހުން ސިފައިންގެ ތެރެއިން އިންޒާރުގެ ބަސްތައްދޭން ފަށައިފިއެވެ. ޖުމްހޫރީ މައިދާނުގައި އެއްވެތިބި އެންމެން އެސަރަހައްދު ދޫކޮށްދިއުމަށް އަމުރުކުރަން ފެށިއެވެ. ނުގޮސްފިނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނެވެ. ޕާޓޭންގެ ގިނަބަޔަކު މިއިންޒާރާއެކު ދުރަށް ދިޔައެވެ. އަދި އަނެއްބަޔަކު ސިފައިންގެ އިންޒާރަށް އަޅާލުމެއްނެތި ތިބީއެވެ.
އެންމެފަހުގެ އިންޒާރު ކަމަށްބުނެ ސިފައިންގެ މައިމަރުކަޒުން އިންޒަރުދޭންފެށީ، ދެގަޑިބައި އެހާއިރުއެވެ. އޭގެކުޑަ އިރުކޮޅެއްފަހުން ކުއްލިއަކަށް ފެނުނީ، ގިނައަދަދެއްގެ ސިފައިން ފުލްކިޓުގެ ގިޔަރުގައި ސިފައިންގެ މައިގޭޓުން ނުކުމެގެން ޖުމްހޫރީ މައިދާނާ ދިމާއަށް ދުވެފައިދާ މަންޒަރެވެ. ތަނެއްދޮރެއް ބެލުމެއްނެތިއެވެ. އެމީހުންގެ ވަޙުޝީޙަލަތުގައެވެ. އެވަގުތު މައިދާން ދޫކޮށްފިލަން ދުވިމީހުންގެ ތެރެއިން އަތުޖެހުނު މީހަކަށް އަނިޔާވިޔަސް ހެޔޮކަމަށް ހިފާހައްޔަރު ކުރިއެވެ. މިމީހުން ހިފާހައްޔަރު ކުރުމުގައި ސިފައިން އަމަލުކުރީ ވަރަށް ހަރުކަށިކޮށެވެ.
މުޢާމަލާތް ކުރުމުގައި އާންމުކޮށް ބަހުރުވަބޭނުން ކުރީވެސް ހަޑިހުތުރުކޮށެވެ. ތަޅާއި ބިޑިއަޅުވާއި އެމީހުންގެ ހުރިހާ ޖަޒުބާތީ ނުލަފާ ހުނަރުތަކެއް ތަޖުރުބާ ކުރިއެވެ. މިކަންތައްގަނޑު ތެރޭގައި މޯބައިލްފޯނުގެ ޚިދުމަތާއި އިންޓަރނެޓްގެ ޚިދްމަތް ވަގުތީގޮތުން މެދުކަނޑާލިއެވެ. މިއިީ ސަރުކާރުން ކުރެއްވި ވަރަށް ގޯސްއަމަލެކެވެ. އެތައް ބައެއްގެ ހައްގުތަކަށް މިކަމުން އުނިކަން ލިބުނެވެ. އަދި ވަރަށް އަވަހަށް، ކާފިއޫ ހިންގައި “ކުއްލި ނުރައްކަލުގެ ޙާލަތު” އިޢުލާނު ކުރިއެވެ.
ފަހެ، މިއީ މާދުރާލައި ކުރިންސުރެ ކުރަންނިންމާފައިވާ ކަމެކެވެ. އެރޭހަތަރު ދަމާއެކު ހަދާފައިވާ ލިސްޓްގައިވާ ގޮތަށް މީހުން ހައްޔަރު ކުރުމަށް ސިފައިންގެ ވަކިޓީމުތަކެއް ރަށުތެރެއަށް ފޮނުވާލިއެވެ. މިޙާާދިޘާއާގުޅިގެން އެކިދުވަސް މަތިން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 211 އެވެ. އަޅުގަނޑު ހައްޔަރު ކޮށްފައިވަނީ، 140 ވަނަ އަށެވެ. އަޅުގަނޑުމެން މައިދާނުން ފޮނުވަމުން ގެންދިޔަ ޚަބަރުތަކާއި ރަށުތެރެއިން، ސިލްވަރސީން އަލިބެމެން ފޮނުވަމުން ގެންދިޔަ ޚަބަރުތަކުން ބޭރުގައި ތިއްބެވި އަޅުގަނޑު މެންގެ ލީޑަރުން ތިއްބެވީ، ވަރަށް ތާޒާކޮށެވެ.
ލަންކާއާއި އިނގިރޭސި ވިލާތާއި އެމެރިކާއާއި ސްވިޓްޒަލޭންޑްގައި ތިއްބެވި ބޭފުޅުން ގެންދެވީ “ކަޅުހުކުރު” ގެވާހަކަތައް ދުނިޔޭގެ މީޑިޔާއަށް ބަރާބަރަށް ދެމުންނެވެ. އީޔޫގެ މައިމަރުކަޒަށް ވަގުތުންވަގުތައް މިޚަބަރުތައް ދިޔައީ ލިބެމުންނެވެ.
ބީބީސީން މިވާހަކަތައް ވަރަށް ތަފްސީލުކޮށް ކަވަރުކޮށް ދިނެވެ. އިނގިރޭސިވިލާތުގެ ޓީމު އަންނިއާއި ސައްޕެ ލައިވްކަވަރޭޖްގައި ބައިވެރިވެ ލެއްވިއެވެ. ލަންކާއިން ގެންދެވީ ހުރިހާ އެމްބަސީތަކަށް ގަވައިދުން ހުރިހާޚަބަރުތައް ފަތުރަމުންނެވެ. މިބަންދުގައި ރައްޔިތުންގެ މަޖިލީހުގެ ދެމެމްބަރުންނާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ނުވަ މެމްބަރުންނާއެކު މުޅިޖުމްލަ، އެގާރަ މެމްބަރުން ހައްޔަރުކޮށް ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރިއެވެ.
އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބައެއް މެމްބަރުން، ފުލުސް އޮފީހަށާއި ދޫނިދޫއަށް ގެންދަވައި ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ސުވާލުކޮށް ބަޔާންނަގާ ހެއްދެވިއެވެ. އަޅުގަނޑު ގެންދިޔައީ އަޅުގަނޑުގެ ކުޑަކުޑަ ދެދަރިންނާއި އަންހެނުންނާއެކު އަމިއްލަގޭގައި ބީބީސީބަލަން އިންދާ، އިރުއޮއްސި ހަތެއްޖެހި އިރުއެވެ. ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކުރެވުނު، 11 އިއްޒަތްތެރިންގެ ނަންފުޅުތަކަކީ މިއެވެ.
1- ރައްޔިތުންގެ މަޖިލީހުގެ ސ.އަތޮޅު މެމްބަރު ޑޮކްޓަރ މުޙައްމަދު މުނައްވަރު. 68 ދުވަސް ޖަލުގައި.
2- ރައްޔިތުންގެ މަޖިލީހުގެ އަދ.އަތޮޅު މެމްބަރު އިބްރާހީމް ހުސައިން ޒަކީ. 68 ދުވަސް ޖަލުގައި.
3- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު ޤާސިމް އިބްރާހީމް. 68 ދުވަސް ޖަލުގައި.
4- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެންބަރު އިލްޔާސް ޙުސައިން އިބްރާހީމް. 89 ދުވަސް ޖަލުގައި.
5- ރައްޔިތުނެގެ ޚާއްސަ މަޖިލީހުގެ ތ.އަތޮޅު މެމްބަރު ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން. 82 ދުވަސް ޖަލުގައި.
6- ރައްޔިތުނެގެ ޚާއްސަ މަޖިލީހުގެ މ.އަތޮޅު މެމްބަރު އަޙްމަދު ޝަފީޤު. 97 ދުވަސް ޖަލުގައި.
7- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް. 68 ދުވަސް ޖަލުގައި.
8- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އަޙްމަދު ޢާޠިފް. 42 ދުވަސް ޖަލުގައި.
9- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ.އަތޮޅު މެމްބަރު ޢަލީ ފާއިޒް. 62 ދުވަސް ޖަލުގައި.
10- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހދ.އަތޮޅު މެމްބަރު އަޙްމަދު ޢާދިލް. 58 ދުވަސް ޖަލުގައި.
11- ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ލ.އަތޮޅުގެ މެމްބަރު މުޙައްމަދު ނަސީމް، (ނަފާނަސީމް) 56 ދުވަސް ޖަލުގައި.
ޖަލަށް ގެންދިއުން:
13 އޯގަސްޓް 2004 ވީހުކުރު ދުވަހަކީ، މިބުރުގައި ޖަލަށް ގެންދިޔަ ދުވަހެވެ. ޖަވާހިރުވާދީއަށް އަޅުގަނޑު ބަލާއައިސްއޮތީ، ޖީޕެއްގައި ފަސް ސިފައިންނެވެ. ޖުމްހޫރީ މައިދާނަށް ވާގޮތަށް އިސްލާމީ މަރުކަޒުގެ ހުކުރު ނަމާދާ ގުޅިގެން ޖަމާޢަތުގައި ހުކުރު ކުރުމަށް ފަހު، ޖަވާހިރުވާދީއަށް އައިސް ކައިނިމިގެން ނިދާލާފައި ތެދުވެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެރޭ ހަތަރުދަމު ހޭލާހުރެފައި ނިދާލެވުމުން ވަރަށް އަރާމުކޮށް ނިދާލެވުނެވެ. އެހެނަސް ހޭލެވުމުން ނިދިފުރިހަމަ ނުކޮށް ޖެހުނީ ތެދުވާށެވެ. ތެދުވެ ގޭގެ މީހުންގެ ގާތުން ޚަބަރުތައް އަހާލިއިރު ވަރަށް ގިނަމީހުން ހައްޔަރުކޮށް ފިއެވެ. އަދި މުޅިޖުމްހޫރީ މައިދާން ހުސްކޮށް މާލެ ސިފައިންގެ ކޮންޓްރޯލް ދަށަށް ގެނެސްފިއެވެ. އަދި މާލޭގައިވަނީ ކާފިއޫހިންގައި ކުއްލި ނުރައްކަލުގެ ޙަލަތު އިޢުލާން ކުރައްވާފައެވެ.
އަޅުގަނޑުބަލާ އައިސްއޮތީ، ސިފައިްނގެ ޖީޕެކެވެ. ސިފައިންގެ، 5 ބޭކަލުން ތިއްބެވިއެވެ. އޭރު އިރުއޮއްސި، 7:00 ޖަހާބޮޑު ވެދާނެއެވެ. އަޅުގަނޑަށް ކޮއްކޮ އަލްހާން ފޯނުކޮށްފައި ދޮންބެ ބަލާ ސިފައިން އައިސް އެބަތިއްބޭ ސިފައިން ބޭނުންވަނީ ދޮންބެ ގެންދާށޭ އައްލޭ ބުންޏެވެ.
އޭރު އަޅުގަނޑުއިނީ ގޭގެ އަމިއްލަ ކޮޓަރީގައި ތުއްތު ދެކުދިންނާއި އަންހެނުންނާއެކު ޓީވީން ބީބީސީ ނިއޫސް ބަލާށެވެ. އަޅުގަނޑު ނުކުންނަން ޖެހުނީ ސައުތްއޭޝިޔާއާ ބެހޭޕްރޯގުރާމަށް އަންނި އަރުއްވައި މިޙާދިޘާއާ ގުޅޭގޮތުން ފާހަކަދައްކަވަން ފެއްޓިތަނާއެވެ. ކުޑަކޮށް އަޑުއަހާލުމަށް ލަސްވުމުން އައްލޭ އަޅުގަނޑު އުޅޭބަޔަށް މައްޗަށް އަރާފައި ސިފައިން ބޭނުންވަނީ އަވަސްކުރުމަށޭ އައްލޭ ބުންޏެވެ.
ދެން. އެމީހުން އަޅުގަނޑު ބަލާމައްޗަށް އެރުމުގެ ކުރިން، އަޅުގަނޑަށް ޖެހުނީ ރެޑީވެލައިގެން އައްލޭއާއެކު ތިރިއަށް ފައިބާށެވެ. އަންނިގެ ވާހަކަތައް ފުރިހަމަކޮށް އަޑުއަހާނުލާ ހައްޔަރުވާން ދާންޖެހުމުން ވަރަށްދެރަވިއެވެ. އަވަހަށް ކުދިންނާއި އަންހެނުންނާ ސަލާމްކޮށް އަންހެނުންނަށް ހިތްވަރުދީ، ގަދަފަދަ ވުމަށް ނަޞޭޙަތްދީފައި މަންމައަށް ލޯތްބާއި ސަލާމްކޮށް ހަދާފައި އަނެއްކާވެސް ދުވަސްގަނޑެއް ވާނެއޭ އެއްގޮތަކަށް ވެސް ދެރަނުވާށޭ އަޅުގަނޑު ހުންނާނީ، ﷲގެ ހިޔާވަހިކަމުގެ ދަށުގައި ކަމަށް ނަންގަނެ ގޭގެބޭރު ދޮރާދިމާއަށް ހިނގައިގަތީއެވެ. ގޭގައި ތބި އެންމެން އަޅުގަނޑުގެ ފަހަތުން ރޮމުންއައެވެ. އެންމެންނަށް ހިތްވަރުކުރުމަށް ބުނެފައި އަނެއްކާވެސް ސަމާމްގަލަންކޮށް ހަދާފައި ސިފައިންގެ ޖީޕަށް އެރީއެވެ.
ޖީޕްކައިރީގައި ތިއްބެވި ސިފައިންގެ ފަސްބޭކަލުންގެ ތެރެއިން އެކަކީ، ޖީޕުގެ ޑްރައިވަރެވެ. ޖީޕުކައިރީގައި ތިއްބެވި އެނެއް، 4 ސިފައިންގެ ތެރެއިން އިސްކޮށް ހުންނެވި އޮފިސަރު، އިލްޔާސް އަވަހަށް އަރުއްވާށެ ބުނުއްވައިފިއެވެ. ސިފައިންގެއަށް ދާންވީއޭ ބުނުއްވިއެވެ. އަޅުގަނޑު އާންއެކޭ މައްސަލައެއް ނެތޭ ދެންނެވީމެވެ. އަވަހަށް ދާންވީއޭ ކިޔާފައި ޖީޕަށް އެރީމެވެ. ދޮރުލައްޕާލަދިނީ ސިފައިންނެވެ.
ފަހަތުސީޓުގެ ދެފަރާތަށް ދެމީހުން އަޅުގަނޑު މެދުގައި ބޭންދުމަށް ފަހު އެރީއެވެ. ޑުރައިވަރު ކައިރިއަށް، ކުރީސީޓަށް އިސްކޮށް ހުންނެވި އޮފިސަރު އެރުއްވާއި ދެންހުރި އޮފިސަރު ފަހަތު ދޮރުހުޅުވާ ލާފައިއެރީ ފަހަތުގައި އިންނަކުޑަ ސީޓަށެވެ. އަޅުގަނޑާއެކު ސިފައިންގެ މިފަސްމީހުން ޖީޕްދުއްވާލީ، އޯކިޑްމަގުން އިރަށް، އަމީރުއަހްމަދު މަގާދިމާއަށް ސިފައިންގެ މައިމަރުކަޒާ ދިމާއަށެވެ.
އެވަގުތު ލައިގެންހުރި ޓީޝާރޓާއި ޖިންސްގެ އިތުރަށް، ގެންދިޔައީ އަތުކުރީގަޑިއާއި އަޅައިގެންހުރި އައިނާއި އަރައިގެންހުރި ފެންފައިވާނާއި ކާންގެންގުޅޭ ޑައިބެޓިކް ބޭސްތަކެވެ. ސިފައިންގެ މައިމަރުކަޒު، ބަނޑޭރިގެ ބޮޑުދޮރާ ދިމާއަށް ހުއްޓާލާފައި އަޅުގަނޑަށް ޖީޕުމް ފޭބުމަށް އެންގިއެވެ.
ބަލާއައި ޓީމުގައި އިސްކޮށް ހުންނެވި އޮފިސަރަކީ، އދ.މަހިބަދޫގައި ހުންނަ ސިފައިންގެ މަރުކަޒުގައި އުޅުއްވި ބޭކަލަކަށްވާތީ މީނާއަކީ އަޅުގަނޑު ދަންނަ އޮފިސަރެކެވެ. އަޅުގަނޑަކީ އދ.އަތޮޅު އަތޮޅުއޮފީސް ހިންގުމާ ހަވާލުވެގެން ދުވަސްގަނޑަކު އުޅެފައިވާ މީހަކަށްވާތީ މީނާވަރަށް ރަނގަޅަށް އަޅުގަނޑު ދަނެއެވެ.
ޖީޕްތެރޭގައި ތިބިއިރު ދެކެވުނު ވާހަކާގައި މިކަންހަނދާންކޮށް ދިނީމީނާއެވެ. މިވާހަކަތައް ކިޔައިދިނީ މީނާއެވެ. އެހެނަސް އަޅުގަނޑު އެހަނދާނެއް ނެތެވެ. އޭނާގެ ނަމެއްވެސް ނޭނގެއެވެ. ނަންއަހާއި ގިނަވާހަކަތައް ދައްކާނެ ވަގުތެއްނެތެވެ.
އަޅުގަނޑު މަޑުންއިނީ މީނާގެ ސްޓޯރީތައް އަހާށެވެ. މީނާ އަޅުގަނޑަށް ކިޔައިދިނެވެ. ރޭގައި ސިފައިން ކަންތައް ގެންދިޔައީ ވަރަށް ރަނގަޅަށް އޮމާންކޮށެވެ. އިލްޔާސްމެން އެދުނުހުރިހާ ކަންތަކެއް ލިޔުމުން ހޯދައިގެން ސަރުކާރުން ގެނެސް ވާހަކަދައްކަމުން ގެންދިޔައީ ވަރަށް ރަނގަޅަށެވެ.
މިއިން ވެސް ބޮޑުބަޔަކީ ރާވައިގެން ކުޅެފައިވާ ކަމެއްކަން ސާފުވިއެވެ. ސަރުކާރުން ބޭނުންވީ ވާހަކަ ދައްކައިގެން ހައްލުކުރާށެވެ. އެކަންތައް ގެންދިޔައީ ނުލާހިކު ރަނގަޅަށެވެ. އެހެނަސް އެއްވިމީހުން ގޯސްހެދީއެވެ. ތަންތަންރޯކޮށް ސިފައިންނަށް ހަމަލާދީ، ވަޅިހަރާ ހެދީއެވެ. ޖީޕުން ފައިބަން ޖެހޭވަގުތު ކައިރިވަމުންދާތީ، ނޫންގޮތަކަށް އަޅުގަނޑު ބުނެލީމެވެ.
ތިޔަބޭފުޅުންނަށް މިފަދަ ސިޔާސި ކުޅިގަނޑުތަކުގެ ފަހަތެއް ނުވިސްނޭނެއެވެ. ތިޔަވެރިން ތިބޭނީ އޯޑަރަށް ކިޔަމަންވާން ސިކުނޑިއަށް ވައްދައި ދީފައެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ގެނެސްފައި ހުރިހާނުބައި ތަކެއްރޭވީ ބަޔަކުމީހުން އަޑީގައި ތިބެގެން ފައިސާޚަރަދުކޮށް ޕާޓޭންތައް ގެނެސް ޖަލުގެދޮރުތައް ހުޅުވާލައިގެން ނުލަފާ މީހުންތައް ގެނެސް އެމީހުންލައްވާ ހިންގިބޮޑު ކަންތައްގަނޑެއް ވެސް މީގެތެރޭގައި ދިޔައެވެ. އަޅުގަނޑުމެން ހުރިހާ މެމްބަރުން ވާހަކަ ދައްކަމުން ގެންދިޔައީ ދައުލަތުން އެކަމަށް އެދިގެން ނުލާހިކު ރަނގަޅަށެވެ. ކަންތައްގަނޑު ގޯސްކޮށްލީ ވަކިރޭވުމެއްގެ ދަށުންވަކި ބައެކެވެ.
ޖީޕުން ފޭބުމަށް އަޅުގަނޑާ ދިމާއަށް ވަރަށް ބާރަށްބުނީ، ގްރައުންޑްގައި ތިބި ޓާސްކްފޯހުގެ ޓީމުގައި އިސްކޮށް، މާހަރުކަށި ވައްތަރަކަށް ހުރި ތަންކޮޅެއް ޖާނުންވަރުގަދަ އޮފިސަރެކެވެ. އައިނުނަގާ ޖީބަށްލާށޭ އަމުރުކުރިއެވެ. އައިނު މޫނުންނަގައި ޖީބަށްލުމުން އެފޯހު ތެރެއިން އޮފިސަރަކު ކުރިޔަށް ޖެހިލައި ވަރަށްބާރަށް ކަޅުފޮތިގަނޑަކުން އަޅުގަނޑު ކަނުބަނދެފިއެވެ. ބަނީވަރަށްބާރަށެވެ.
ދެން އަމުރުކުރީ ދެއަތްފަހަތަށް، ފުރަގަހަށް ލުމަށެވެ. އަޅުގަނދު ދެއަތްފުރަގަހަށް ލުމުން، ދެއޮފިސަރަކު ވެގެން، އަޅުގަނޑުގެ ދެއަތުގައި ހިފާއެއްކޮށް ލުމަށްފަހު، ހަނގުރާމަމަތީގައި ކުށްވެރިން ކުއްލިއަކަށް ހައްޔަރުގެ ދަށަށް ގެނައުމަށް އަތުގައި އަޅުވާ ވައްތަރުގެ “ޕްލާސްޓިކް ސްޓްރިޕް” އެއް އަޅުވައި ވާންކޮށްލުމަށް އޭގެކޮޅުގައި ހިފައި އަޅުގަނޑުގެ ދެއަތުގެ ބުރަދަނަށް ލުއްކެތް ޖެއްސެވެ. މިގޮތަށް ދެފަހަރަކު ހަދާލިއެވެ.
އެއިންކޮންމެ ފަހަރަކު، އެސްޓްރިޕް ނުވަތަ ޕްލާސްޓިކް ކުލިޕް، އަޅުގަނޑުގެ ދެއަތްއެއްކޮށް ބާރުވަމުން ގޮސް ވަރަށް ބާރުވެއްޖެއެވެ. ވަށައިގެން އަތުގެ ހަންގަޑާއެކު މަސްގަނޑު އުފުލި، ތަދުވާން ފަށައިފިއެވެ. މީތި އިނީ ވަރަށް ޓައިޓުކޮށެވެ. ކެމެރާއެއްގެ ފްލޭޝް އަނދައިގެން ދިޔަކަން އެނގުނެވެ. ކަނުބަނުމުގެ ކުރިން އަންހެން އޮފިސަރަކު ކެމެރާއެއް ހިފައިގެން ހުއްޓާފެނިފައި ވުމުން އެމަންޖެ އަޅުގަނޑު މިޙާލަތުގައި ހުއްޓާފޮޓޯއެއް ކުރަހާލީކަން ޔަގީންވިއެވެ.
އަދި ބައެއްކުދިން އަތުގައި ބޮނޑިބޮނޑިއަށް މިފަދަ ޕްލާސްޓިކް ކުލިޕްތައް ހުއްޓާފެނުނެވެ. ދެން މީގެތެރެއިން އެއްއޮފިސަރަކު ކުރިޔަށް ހިނގާށޭ ބުނެލިއެވެ. ކުރިޔަށް ފިޔަވަޅެއް ނޭޅިގެން އުޅެނިކޮށް ފަހަތުން އަޅުގަނޑުގެ ފައިގައި ދަގަނޑުބޫޓަކުން ޖެހިއެވެ. ދެފަރާތުން ކޮންޑުގައި ދެއޮފިސަރަކު ހިފާއްޓައިގެން ހިންގަނީ ކުރިއަށެވެ.
ބަރާބަރަށް ފައިގައި ކަކުލުން ތިރީގައި ބާރަށް ތަޅަމުން ގެންދިޔައެވެ. ކޮންމެ ފިޔަވަޅަކަށް އެތިފަހަރެއްހެން އަރައެވެ. އެކިއޮފިސަރުން އެކިފާޑުގެ ޖެއްސުގެ ބަސްތައް ބުނަމުން ގެންދާއަޑު ފައްގަނޑު އިވެއެވެ. “މިހިރަބޮޑު ސިޔާސީމީހާ މިހިރީ ކީއްވެފަތަ” މިއަޑާއެކު އަޅުގަނޑުގެ ބުރަކަށީގައި އޮފިސަރެއްގެ އަތުން، ބާރަށް ޖެހުމަށްފަހު ގަޅުވާލިއެވެ. ކުރިމައްޗާ ދިމާއަށެވެ. ދެން ކުރިޔަށް ހިންގުވަނީއެވެ. ދެވޭނުދެވޭ ތަނެއް އަދިއެއް ނޭނގެއެވެ. ތަޅަމުން ގަޅުވަމުން ކުރިޔަށް ގެންދެއެވެ. ދެފަރާތުން ދެކޮނޑައި ދިމާލުން އަތުގެ ފަލަމަސްގަނޑުގައި ދެއޮފިސަރުން އަބަދުވެސް ހިފާއްޓައިގެން ތިބެއެވެ.
ބުރަކަށީގައި ވަރަށްބާރަށް އެކަކު ވިކައިގެންފިއެވެ. ވަރަށް ތަދުވިއެވެ. އިތުރަށް ވިކާއި ކަށިމަތީގައި ވެސް ދަގަނޑު ބޫޓުންތަޅަމުން ގެންދެއެވެ. މޭމަތީގައި ވެސް ވިކާހަދަން ފަށައިފިއެވެ. އިތުރަށް ބުނާއަޑު އިވުނެވެ. “އދ.ގެ ސިޔާސި މީހާ ތިހިރީ ކީއްވެފަތަ؟” “ގަދަނުދައްކަނީ ކީއްވެތަ؟” “ދުއްވައި ގަންގަނެބަލަ” “ޙަމީދުގެ އިސްތިއުފާއަށް ގޮވާފަ ދުވަންވީނު!” މިއަޑުތަކުން އަޅުގަނޑަށް ލަފާކުރެވުނީ، މިމީހުން ބޭނުންވެގެން މިއުޅެނީ އަޅުގަނޑުގެ ފަރާތުން ނުކިޔަމަން ތެރިކަމެއް ފެނުންކަން އެނގުނެވެ. ރަނގަޅަށް ތަޅާލެވޭނީ އޭރުންކަން ސާފުކޮށް ދަނެގަނެވުނެވެ.
އެހެންވެ އަޅުގަނޑުހުރީ ނުކިޔަމަން ތެރިކަމެއް ނުދައްކާއި ކިޔަމަންތެރިވެ ފުށްގަނޑަކަށް ވެގެން، އަޅުގަނޑުގެ ހަށިގަނޑަށް ބޭނުންއެއްޗެއް ހަދަން އެކުދިންނަށް ދޫކޮށްލައިގެންނެވެ. އަނގައިން ޗުއްޕުވެސް ނުބުނަމެވެ. ކެތްކޮށްލީއެވެ. ތަދުވިލެއް ބޮޑުކަމުން ދެފަހަރަކު، ﷲ އޭ ބުނެވުނެވެ. މިހެންވުމުން މިމީހުން ރުޅިއަންނާނެ ޗާންސެއް ނުލިބި އަޅުގަނޑު ގެންދަން ޖެހޭހިސާބަށް ވަރަށް އަވަހަށް ގެންދެވިއްޖެއެވެ.
ބަރާބަރަށް ވަށައިގެން ވިކަމުންނާއި ބޫޓުންތަޅަމުން ގެންދިޔައެވެ. މީގެތެރެއިން އެކަކު ބުރަކަށީގައި ދެގޮއްމުށް އެއްކޮށް މުށްކަވާފައި އެތިފަހަރެއް އަޅުވާލާއި ގަންނަވާލަމުން، “މިހިރީ ޅެންވެރިއެއްނޫނޭ މެމްބަރުދޯއޭ” ބުނިއަޑުއިވުމާއެކު އަޅުގަނޑު ވަރަށްބާރަށް ގޮސް ފާރެއްގެ ނުވަތަ ކޮންމެވެސް ތަނެއްގެ ދާރައަކަށް ވާކަހަލަ ތަނެއްގައި ގިއްކިޔާފައި ޖެހުނެވެ. ކަނާތްފަރާތު ކޮނޑާދިމާއިން އަތާއެކު ކުރިމަތިންނެވެ. ފަހުންފެނުނުއިރު މިތަންމަށައިގެން ގޮސްފައި ހުއްޓެވެ. އަދި ބުރަކަށީގައި ޖެހިދިމާއަށް ވަރަށް ގިނަދުވަސް ވަންދެން ތަދުއަރާފައި ހުއްޓެވެ. ކަކުލުގެ ދެތިންތަނެއް ވެސް މަށައިގެން ގޮސްފައި ހުއްޓެވެ. ކަކުލާ ދިމާއިން އެއްތަނުން ލޭއައެވެ.
ދެން އެތެރެއަށް ވައްދާފައި ބެހެއްޓިތާ އިރުކޮޅެއް ވިތަނާހެން އަޅުގަނޑަށް އިވުނީ ސިފައިގޭގައި އިސް އޮފިސަރަކަށް އުޅުއްވާ، އައްޑުއަތޮޅު ތުއްބީގޭ އިބްރާހީމް ދީދީގެ އަޑެވެ. އަޅުގަނޑަށް ހީވަނީ މިހާރު އަޅުގަނޑު މިގެންގުޅެނީ ސިފައިންގެ މައިމަރުކަޒު ބަނޑޭރުގޭގެ ގޭޓަށްވާބައިގެ އެތެރެއިން ހިސާބެއްގައި ހެންނެވެ.
މީނާގެއަޑު އަޅުގަނޑުގެ ކަންފަތުގައި ޖެހުމުން، ކާކުކަން ޔަގީންވުމުން، އަޅުގަނޑު އިބްރާހީމް ދިދީއޭ، ހުވާކޮށްގެން ތިބި ރައްޔިތުންގެ މަންދޫބުންނަށް މިގޮތަށް އަނިޔާކުރަން ހޮޔޮނުވާނޭ، ނިކަން ބައްލަވާށޭ، އަޅުގަނޑުގެ ދެއަތަށް ވެފައިމިއޮތްގޮތް ތަދުވަނީއޭ މިހާރު ކޮނޑާހަމައަށް ތަދުގަނޑު އަރައިފިއޭ، އަތުގައި އަޅުވާފައިއޮތްއެތި ކުޑަކޮށް ދޫކޮއްލަދޭށޭ ދެފަހަރަކު ބުނެފީމެވެ.
އިރުކޮޅެއް ފަހުން އިބްރާހީމް ދީދީގެ އަޑުން އޭތީދޫކޮށްލަދޭށޭ ބުނުއްވި އަޑުއިވުނެވެ. އެހެނަސް އަޅުގަނޑު ހިފާއްޓައިގެން ތިބިދެމީހުންނާއި ވަށައިގެންތިބި ސިފައިން އަޅައެއް ނުލިއެވެ. އަނެއްކާވެސް އަޑަށްބާރުލާފައި އިބްރާހީމް ދިދީއޭ، މީކާކުކަން މިކުދިންނަށް ނޭނގުނަސް ތިބޭފުޅާއަށް ހަމަގައިމުވެސް ރަނގަޅަށް އެނގޭނެއޭ، އަތުގައި އަޅުވާފައި މީނދި އެތި ދޫކޮށްލަދޭށޭ، މިއަނިޔާއިން ސަލާމަތް ކޮށްދޭށޭ ބުނެފީމެވެ.
މިފަދައަނިޔާ ނުކުރާށޭ ބުނެފީމެވެ. މިހެންބުނުމުން ވަށައިގެންތިބި ސަފައިން އިތުރަށް އަނިޔާކޮށް ޖެއްސުން ކުރަމުން ނުދަނީ، އިބްރާހީމް ދިދީ ކައިރީގައި ހުންނެވުމުން ކަން އަޅުގަނޑަށް އިހްސާސް ކުރެވުނެވެ. ދެންވެސް އިތުރަށް އިބްރާހީމް ދިދީއަށް ނިސްބަތްކޮށް ވާހަކަދެއްކީމެވެ. އަޅުގަނޑަށް އަނިޔާ ނުކުރުމަށް ތަކުރާރުކޮށް އެދުނީމެވެ.
ދެން އިރުކޮޅަކުން އަނެއްކާވެސް އިބްރާހީމް ދިދީގެ އަޑުން އޭތިދޫކޮށްދޭށޭ ބުނުއްވިއަޑު އަޅުގަނޑަށް އިވުނެވެ. ދެންވެސް އިރުކޮޅެއް ވުމުން އަނެއްކާވެސް އަޅުގަނޑު ތިންވަނަ ފަހަރަށް އެދުމުން، އިބްރާހީމް ދީދީ، ތަންކޮޅެއް ބާރަށް ހަރުއަޑުން، ތީތިދޫކޮށް ބަލާށޭ ބުނުއްވުމުން އެތަނުން އޮފިސަރަކު ވަރަށް މަސައްކަތްކޮށްގެން އެކްލިޕުދޫކޮށް ދިނުމުން، ތިވަރު އެންމެރަނގަޅޭ އަޅުގަނޑު ބުނީމެވެ. މިވަރުން އަތްތަޅުވާލާއި އަންބުރާލާ ހެދުނެވެ. އޭރުމުޅި ދެއަތްތިލައިގައި ހީވަނީ ހިނިދުވާހެންނެވެ. އޮތީމުޅިން އައްސިވެފައެވެ. ދެން މިހެންހުރި ހުރުމުގައި އަޅުގަނޑުގެ ކަނާއަތު މުލައްދަނޑީގައި ފީބާއަކުން ދެލިކާއްތާހެން ހީވާގޮތަށް އެއްޗެއް ލިޔެފިއެވެ. ހީވަނީ އެޅީވަކި ވަކިން ތިންއަކުރު ހެންނެވެ.
ފުރަތަމަ އަޅުގަނޑު ހީކުރީ މީހާކަޅުކޮށް ލުމަށް ހަށިގަނޑު ގައިގާދެލި ކާއްތަން އުޅެނީކަމަށެވެ. ކުޑައިރުކޮޅަކަށް ފަހު، އިބްރާހީމްދީދީގެ އޯޑަރެއްގެ އަޑު އަނެއްކާ އިވިއްޖެއެވެ. “ތީތީ ނައްޓާލާއި ކަނުމޮހެލައިގެން އޭނާ މައްޗަށް ގެންދާށެވެ. ތީ މަޖިލީހުގެ މެމްބަރެކެވެ.” ދެންހަމަ އެހިނދު އަތުގައި އަޅުވާފައި އިން ކްލިޕުނައްޓާލާއި ފިއެވެ. އެހެން އޮފިސަރަކު، ކަނުބަނދެފައި އިންފޮތިގަނޑު މުހެލައިފިއެވެ.
އެހެން ދުނިޔެއަކަށް ނޭވާލެވުނުއިރު ކަމަކުދާކަށް ނެތެވެ. ވަށައިގެން ފެންނަނީ، ހުސް ގައިދީންނެވެ. ކަނުބަނދެ ބިޑިއެޅުވުމަށް ފަހު، އުކާލާފައި ތިބިމީހުންނާއި އުޑުފައިން ބައިންދާފައި ތިބި މީހުންތަކާއި އެކިގޮތަށް ވެއްޓިފައި ތިބި، ބައިވަރު މީހުންތައް ފެންނަން ތިއްބެވެ. ބާރަށް ބަނދެފައި އިންފޮތިގަނޑެއް ނައްޓަލުމުން އަޅުގަނޑަށް ލިބިގެންދިޔަ އަރާމަށް ވުރެ ފެންނަމުންދާ މަންޒަރުތަކުން މާހިތްދަތި ކުރުވިއެވެ. ރޯއަޑާއި ވީދިފައިހުރި ގަމީސްތަކުގައި ތިބިމީހުންނާއި ލޭން ތަތްތެޅިފައި ތިބި މީހުން ފެނުނެވެ. މުޅިން އެހެން މަންޒަރެކެވެ.
އަޅުގަނޑު މިތަނުގެ މިދިމާއަށް ގެނެސް މިވެއްދީ މަޖިލީހުގެ މެމްބަރެއްކަން ނޭނގިއެވެ. ރަނގަޅަށް އެހެންމީހުންނެކޭ އެއްދަރަޖައަށް ތަލާނުލީ ކިޔަމަންތެރިކޮށް އުޅެވުނީމާކަން ހިތަށް ގެނެވުނެވެ. ތަދުވަމުންދާ އަޅުގަނޑުގެ ދެއަތަށް ބަލާލެވުނީ މިމަންޒަރު ދިރާސާކޮށް ލުމަށް ފަހުގައެވެ. ދެއަތްއޮތީ ނޫފާގަނެ ދުޅަ ވެފައެވެ. ކްލިޕު އަޅުވާފައި އިންތަން ދެއަތުގައިވެސް ކަނޑާނެގިފައި ފެންނަން ހުއްޓެވެ. ކަނާއަތުގެ މުލައްދަނޑީގައި ހިސާބު އަކުރުން، 140 މިއަދަދު ލިޔެފައި އިންދާފެނުމުން އަޅުގަނޑު ގެނެވުނީ މިވަނައަށްކަން އެނގުނެވެ. މިތަނުގައި ފެންނަން، 100 އަށްވުރެގިނަ މީހުން ކަނުބަނދެފާއި ބިޑިއަޅުވާފައި ތިބޭނެއެވެ.
އެކިގޮތްގޮތަށް އުކާލާފައިތިބި މީހުންވެސް ތިއްބެވެ. މިތަނުން މީހުންތައް ނަގައިގެން ގެންގޮސް އެކިދިމާދިމާއަށް ބަހާހަދަނީއެވެ. ކިރިޔާވެސް ނުރުހުމުގެ ކަމެއް ދައްކައިފި ނަމަ، އެމީހެއްގައިގައި ތަޅައި ގަނެއެވެ. އެއްބަޔަކު ބަރިބަރިޔަށް ބައިންދާފައި ވެސް ތިއްބެވެ. އަނެއްބަޔަކު ދެފައިވެސް ބަދެފައި ތިއްބެވެ.
މިމީހުންގެ ތެރޭގައި ގާތްގާތުގައި ފުލްކިޓުގައި މުގުރު ހިފާފައިތިބި ސިފައިން ތައްޔާރަށް ތިއްބާފެނުނެވެ. ވަރަށް އަވަހަށް އަޅުގަނޑު ގޮވައިގެން ދާންވީމަގު ދައްކަމުން ހިނގައިގަތީ އެތެރެއިން މައިގޭޓާ ދިމާއަށެވެ. ގޭޓުތެރޭގައި މައްޗަށް އަރަންހުރި ސިޑިއާ ދިމާއަށެވެ. އިބްރާހީމް ދީދީ، އަޅުގަނޑައި މާދުރުނޫން ހިސާބަކުން ދުށީމެވެ. އެހެނަސް އަނގައިން ބުނެވޭގޮތެއް ނުވިއެވެ.
ބިލްޑިންގުތެރޭން މައިގޭޓް ތެރެއަށް ވަދެވުނު ހިސާބުން، މާފަންނު އުނިމާގޭ ތެރެއިން މަދުން ފެނިފައިވާ، އަބްދުއްރަޝީދު އޭކިޔާ ބޭކަލަކު، އަޅުގަނޑު ސިޑިން މައްޗަށް އެރުމަށް އިޝާރާތް ކޮށްލެއްވިއެވެ. މިއީ ތަންކޮޅެއް މަތީފެންވަރުގެ އޮފިސަރެކެވެ. އަޅުގަނޑު އަތްދިއްކޮށްލާފައި “އައްސަލާމު ޢަލައިކުމް” އޭދެންނެވުމުން މިވަގުތު ތިޔަހެން ތިއްބާ ސަލާމްކުރުން ރަނގަޅެއް ނުވާނެއޭ ބުނެ، ސިޑިން އަރުވަމުން އޭނާގެ މޮޅުވާހަކަތައް ސަޅިބައިސާ އެވަގުތު ވެސް ކިޔައިދޭން ފަށައިފިއެވެ.
ސިޑިއާ ހިސާބުން ޓާސްފޯސް ބޭކަލުން އަޅުގަނޑު މީނާއާ ހަވާލުކޮށްފައި ހިނގައްޖެއެވެ. އަޅުގަނޑު ދަންނަ މީހަކަށް ވާޙާލު އެއްގޮތަކަށް ވެސް އަޅުގަނޑައި ސަލާމެއް މީނާނުކުރިއެވެ. މިކަމާ އަޅުގަނޑު ހިތްހަމަނުޖެހިފައި ހުރީމާ މީނާއާ މާބޮޑަކަށް ވާހަކައެއް ނުދައްކަމެވެ.
އެހެނަސް އޭނާގެ އުދާސްތައް، މިހޫނުގަނޑުގެ ތެރޭގައި އަޅުގަނޑު ފެނުމުން ކިޔައިދެމުން ގެންދިޔައެވެ. މީނާ އަޅުގަނޑަށް އިއްވާކިޔަމުން ގެންދާ ވާހަކައަކީ މިއެވެ. ރޭގަޔާއި މިއަދު މުޅިމިތަން މިހިފޭއްޓީ އިބްރާހީމްދީދީ އާއި ތިމަންޔާ ދެމީހުން އެކަނި ކަމަށް ބުންޏެވެ.
އަޅުގަނޑުމެން ނޫނީ އެކަކަށް ވެސް ތިޔަބޭފުޅުންނާ ކުރިމަތިލާކަށް ނުކެރުނެވެ. މިހުރިހާކަމެއް މިކުރަނީ ތިމަންމެން ދެމީހުންކަމަށް ބުންޏެވެ. މިވާހަކަތަކަށް އަޅުގަނޑު ޖަވާބެއް ނުދެމެވެ. ސަލާމް ބަލައިނުގަތް މީހަކާ މުޢާމަލާތް ކުރާހިތްނުވީއެވެ.
އޭނާގެ ވާހަކަތަކަށް ހޫންހޫން އަޑެއްދެމުން އޭނާއާ، އަދި ފަހަތުން އައި އާދައިގެ ދެ އޮފިސަރުންނާއެކު ސިޑިންއަރުވަމުން ހިނގުވަމުން އައީސްއެރުވީ މައްޗަށެވެ. މަތީބުރިއަށް އަރުވާއި އެގްޒެކެޓިވް ފިރޮޅުލީގޮނޑޮއެއް ތާކުންނެރެފައި އެގޮނޑީގައި އަޅުގަނޑު އިށީނުމަށް އެންގިއެވެ. މިއީ ފަސްފުރޮޅުލީ އޮފީސް ގޮނޑިއެކެވެ. މިގޮނޑި ބެހެއްޓީ މަތީބުރީގެ ހޯލްތެރޭގައި އިރު ދެކުނުކަނަށް ވާގޮތަށެވެ. މިގޮނޑީގައި އިށީދެފައި އެކިދިމާ ބަލާލުމުން ހަމައެހޯލްގައި އެހެން ގޮނޑިއެއްގައި އިބުރާ ބައިންދާފައި އިންދާފެނުނެވެ. މިއީ ބޮޑު ހޯލެއްގޮތަށް ހުސްކޮށް އޮންނަތަނެކެވެ.
އިބުރާ އިނީ، ހުޅަގު ދެކުނު ބިތުކައިރީގައެވެ. އިބުރާ ބައިންދާފައި އިނީ، ހުޅަގު ފަރާތަށްހުރި ކޮޓަރިއަކަށް މޫނުމަތި ވާގޮތަކަށެވެ. ދެން ފެނުނީ ހުޅަގުފަރާތު މެދަށް ވާގޮތަށް ޑޮކްޓަރ މުނައްވަރު ބައިންދާފައި އިންދައެވެ. އެންމެންވެސް ތިބީ އެއްވަށްތަރެއްގެ ގޮނޑިތަކުގައި ވަކިވަކިން ދުރުދުރުގައި ބައިތިއްބާފައެވެ. އެދިމާ ކުރިމަތީގައި ހުރި ކޮޓަރީގެ ބިއްލޫރިގަނޑު ތެރެއިން ސޯފާގޮނޑިއެއްގައި ގާސިމް ބައިންދާފައި އިންދާފެނުނެވެ. ރީތިކޮށް ފެންނަނީ ގާސިމް ތެދުވުމުންނެވެ.
އިށީދެގެން އިންނަވާއިރު ބިއްލޫރިގަނޑުން ފެންނަނީ ގާސިމުގެ ބޯއެކަންޏެވެ. އެވެސް އޭނާ އަޅުގަނޑު މެންނާދިމާއަށް ބަލާލެއްވީމައެވެ. އިރުކޮޅެއްގެ ތެރޭގައި މުނައްވަރު އިންނެވި ދިމާލުގައިހުރި ކޮޓަރިއެއްގެ ދޮރުހުޅުވާ ލައްވާފައި އިބްރާހީމް ހުސައިންޒަކީ ފާޚާނާއަކަށް ވަޑައިގަތުމަށް އޮފިސަރަކާއެކު ނުކުންނެވިތަން ފެނުނެވެ. ޒަކީ ނިމިލެއްވުމުން އެނބުރިގެންގޮސް ވެއްދީ ހަމަ އެތަނަށެވެ.
އަޅުގަނޑު ބައިންދާފައި އިންދިމާގައި އިރުމައްޗަށް ދެވޭގޮތަށް ހަނިކޮރިޑޯއެއް އޮތެވެ. އަޅުގަނޑު ގެއިންއައީ މަޣްރިބް ނަމާދަށްކުރި ވުޟޫއުމަތީގައި ކަމުން، ޢިޝާނަމާދު އަޅުގަނޑު އިންގޮނޑި ކައިރީގައި ލަކުޑި ފަންގިފިލާ މަތީގައި ކޮށްލައިފީމެވެ. އަޅުގަނޑު އޭރުހުރީވަރަށް ހަމަޖެހިފައެވެ. ކުރިންވެސް އެތައްފަހަރަކު ގެނެސްފައި ހުރުމުން ހުރީވާނެ އެއްޗެއް ވެނިމިފައެވެ. ބިރެއް ނުގަނެއެވެ.
ނަމާދުކޮށް ނިމިގެން ބަލާލިއިރު، އިބުރާއިނީ ސިގިރޭޓުބޯށެވެ. ނަމާދުނިމިގެން ފެންފުޅިއެއް ބޭނުމޭ ގާޑަށްހުރި އޮފިސަރު ކައިރީގައި ބުނުމުން ކުޑަފެންފުޅިއެއް ގެނެސްދިނެވެ. އިރުކޮޅެއް ތެރޭގައި ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަން، ޚާއްސަ މަޖިލީހުގެ ތ.އަތޮޅު މެމްބަރު ސިޑިން އެރުވިތަން ފެނިއްޖެއެވެ. އޭނާ ބޭންދީ ހޯލްގެ ދެކުނުފަރާތުގެ ކުޑަދޮރުތަކާ ދިމާގައެވެ.
އިރުކޮޅަކަށް ފަހު، ދެންފެނުނީ ސިފައިންގެ އޮފިސަރެއް ކަމުގައިވާ، ނައިބުގޭ މުޙައްމަދު ޙަލީމް، ވަޑައިގެން އިބުރާއާ ވާހަކަދައްކަވާ ތަނެވެ. ދެން އޭނާ ވަޑައިގަތީ ޑޮކްޓަރ މުނައްވަރު އަރިހަށެވެ. ދެން ޑޮކްޓަރ ޙުސައިން ރަޝީދު އަރިހަށެވެ. ދެން އަޅުގަނޑު ކައިރިއަށެވެ. ޙަލީމް ބޭނުންފުޅު ވެލައްވަނީ އަޅުގަނޑު މެންނަށް ރޭގަނޑުކެއުމުގެ ކަންތައް ހަމަޖައްސަވާށެވެ.
މީނާ ބޭނުން ވެލައްވަނީ މިރޭގެ ކެއުމަށް ބޭނުންވާ މެނޫ އޮޅުން ފިލުވާށެވެ. ކޮންމެމީހެއް ކައިރިން ވެސް އެމީހަކަށް ކެވޭނެއެއްޗެއް އޮޅުން ފިލުއްވައި ނޯޓު ކުރެއްވީއެވެ. އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ބޭނުންވާނީ ކުރީފަހަރުހެން ޑައިބެޓޮކް ކާނާއެވެ. ޙަލީމަށް ރަނގަޅަށް އެނގިލައްވާނެއެވެ. ކެއުމަށް ބޭނުންވާނެ އެއްޗެތި އަޅުގަނޑު ކިޔައި ދިނުމުން ނޯޓުކުރައް ވައިގެން ޙަލީމް ވަޑައިގަތީއެވެ. މާގިނަ އިރުތަކެއްނުވެ އުޅެނިކޮށް ފެންނަނީ، ބ.އަތޮޅު މެމްބަރު ޢަލީ ފާއިޒު ސިޑިން އެރުވިތަނެވެ. އޭނާވެސް އަޅުގަނޑު މެންގެ ތެރޭގައި ތަންކޮޅެއް ދުރުގައި ގޮނޑިއެއްގައި ބައިންދައި ފިއެވެ.
ގާސިމް ސިގިރޭޓެއް ހިއްޕަވަން އެދުމުން، އަޅުގަނޑުމެން ތިބިހޯލަށް ނެރުއްވައި ގޮނޑިއެއްގައި ބޭންދެވިއެވެ. މިހާރު އަޅުގަނޑުމެން އެންމެންނަށް އެކަކު އަނެކަކު ފެނެއެވެ. ނުފެން ހިސާބުގައި ވަނީ، ޒަކީ އެކަންޏެވެ. އެކަމަކު އަނގައިން ބުނުން މަނަލެވެ. ބަލަބަލަފައި ހޭންތިބެނީއެވެ. މިނޫން މެމްބަރެއް މިރެއަކު ނުފެނެއެވެ. މިގޮނޑިތަކުގައި އަޅުގަނޑުމެން ތިބިއިރު އިރުއިރުކޮޅާހެން ހަޅޭލަވާއަޑާއި ރޯއަޑާއި ތިރީގައި މީހުންނަށް އަނިޔާކުރާތީ، އަނިޔާނުކުރާށޭ ގޮވާއަޑު ރީތިކޮށް އިވެއެވެ.
އަޅުގަނޑު މެންނަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން އެދިމާ ބަލާހެދުން މަނަލެވެ. އެހެނަސް އަޅުގަނޑު މެންބަލަހައްޓަން ފޯރިއަށް ތިބި އޮފިސަރުން އެމަންޒަރު ކުޑަދޮރުން ބަލަމުން ގެންދިޔައެވެ. އަދި އެތަންބަލާފައި ހީނމަޖާކޮށް ހަދާތަން ފެނެއެވެ. އަޅުގަނޑުމެން އިށީދެގެން ތިބިގޮނޑިން ތެދުވުން މަނަލެވެ. އެހެނަސް ބައެއްފަހަރު މިވެރިންނަށް ނުފެންނަގޮތަށް ތެދުވެލާފައި އެދިމާ ބަލާލަމެވެ. މީހުންގެނެސް މީހުންނެރޭތަން ފެނުނެވެ. އަދި ތަޅާއަނިޔާ ކުރާތަން ފެނުނެވެ.
މިހެންތިއްބާ ރޭގަނޑުގެ ކެއުން ގެނެސްފިއެވެ. އަޅުގަނޑަށް ހުރީ އަޅުގަނޑު އެދުނުހެން، ބްރައުން ރައިސާއި މަހުގެ ކިރުގަރުދިޔައާއި ފިހުނު މަސްބުރިއަކާއި ފެނުކެއްކި ތަރުކާރީއެވެ. އަދި ޝުގަރފްރީ އޮރެންޖް ޖޫހާއި ފްރެޝްފްރުޓް ހުއްޓެވެ. ތަބަކަކަށް ވަތްކޮށްގެން ގެނެސް ޕްލާސްޓިކް ގޮނޑިއެއް މަތީގައި އަޅުގަނޑު ކުރިމަތީގައި ބެހެއްޓިއެވެ.
މިކަމުގައި އުޅުނީ ޔުނީފޯމްގައި ތިއްބެވި ދެއަންހެން އޮފިސަރުންނެވެ. އެކުދިން ވަރަށް ހިތްހެޔޮކަން ފާޅުކުރިއެވެ. ތިބެނީ މަޖާވަރަކަށް ހެވިފައެވެ. އަދި އަޅުގަނޑު އިތުރަށް މަޖާކޮށްލުވައި އެކުދިން ހެއްވާލީމެވެ. އިރުކޮޅަކުން ފެންފުޅިއެއް ހިފައިގެން ވެސް އައީހަމަ މިދެކުދިން އެކީގައެވެ. ތަބަކުގައިހުރި އުލާސަމްސާތައް ހުރީ، ޓިޝޫއަށްލައި އޮޅަލާފައެވެ.
ހަމަޖެހިލައިގެން އިނދެ މަޑުމަޑުން ކައިނިންމާލީ ގިނައިރުންނެވެ. ވަގުތުޕާސް ކުރުމުގެ ގޮތުންނެވެ. މިމަންޖެމެން ކައިނިމޭތޯ ބަލަމުން ގެންދެއެވެ. ކާންއިންއިރު ޑިފެންސް މިނިސްޓްރީގައި އުޅުއްވާ ޙާފިޒު ދެފަހަރަކު ހިނގާބިނގާވާތަން ފެނުނެވެ. މިއީ އަހުރެމެން ގެއަށް ކޮއްކޮމެންގާތަށް، އަހަރެންގެ ޖާސޫސުކުރަން އައިސްއުޅޭ ގޮލައެކެވެ. އަޅުގަނޑާ ދިމާއަށް އިޝާރާތްކޮށް އަތްހިއްލާލިއެވެ.
މިކަލޭގެ ބިރުނުގަތީ މީހަކު ފެންނަން ނެތުނީމާކަމަށް ވެދާނެއެވެ. ފަހުން އެނގުނު ގޮތުގައި ސިފައިންގެ ތެރޭގައި ހައްޔަރުކުރި މީހުންނަށް އަނިޔާކުރަމުން ދިޔައިރު، ފަތްޙުﷲ އާއި އެފަދަ ބޮޑުން މިމަންޒަރު ބަލަމުން ގެންދެވިކަމެވެ. އެކަން ސާފުވެ އެނގުނެވެ.
ބައެއްމީހުންނަށް އަނިޔާ ކުރާތަން ފެނުމުން ފަތުހުﷲ އަށް ފޯރިއަންނަ ކަމަށް ވެއެވެ. މިހެންތިބި ތިބުމުގައި ޑޮކްޓަރ މުނައްވަރު އިރުއިރުކޮޅައި އަމިއްލަ ދެފައިގެ ކަށިމަތި ގުދުވެގެން އިނދެ މޮޑޭތަން ފެންނާތީ އިޝާރާތުން ސިފައިން ތެޅީތޯ، އަޅުގަނޑު އަހާލައިފީމެވެ. އާންއެކޭ ވިދާޅުވާ ގޮތަށް މުނައްވަރު ބޯޖައްސަވާ ލެއްވިއެވެ. އަޅުގަނޑުވެސް އިޝާރާތުން އަނެއްކާވެސް އަޅުގަނޑުގައިގާ ވެސް ތަޅާވަރަށް އަނިޔާކުރިކަމަށް ބުނެފީމެވެ. އިބުރާއިނީ މިމަންޒަރު ބަލާށެވެ.
މުނައްވަރަށް ވުރެކުރިން އިބުރާ ޖަވާބުގައި ޝަހާދެއްހޭ ކިޔާފައި އަނގަމަތީގައި އެއްއިނގިލި އަޅާގޮތަށް ހައްދަވާލެއްވި ތަންފެނުނެވެ. މުނައްވަރު ވެސް ބޯޖަހާ ލެއްވިއެވެ. އަދި އަޅުގަނޑުގެ އަތް އިބުރާއަށް ދައްކާލާފައި، 140 ބޮޑުކޮށް ލިޔެފައިހުރިތަން އަނެއްއަތުން އިޝާރާތްކޮށް ދައްކާލުމުން އިބުރާ ދޭއްޗެކޭ ބުނުއްވިއެވެ. މާރަނގަޅަކަށް ސާފެއްނުވިއެވެ. އިބުރާ އިންނަވައިގެން ހޭތަން ފެނުނެވެ. އިޝާރާތުން ކެތްތެރިކަމުގެ ނިޝާން ދައްކަވާ ލެއްވިއެވެ. ހިތްވަރު ކުރުމަށް ވިދާޅުވެ ދެއްވިކަން އެނގުނެވެ. މިބޭފުޅުން ބިރުގަންނަ ވަރުން މާގިނަވާހަކައެއް ނުދެއްކުނެވެ. އިޝާރާތް ކޮށްކޮށްފައި ހޭންތިބެނީއެވެ.
ރޭގަނޑުވެ ދަންވެއްޖެއެވެ. ތިރިން އިވޭއަޑުތައް ދަނީގަދަ ވަމުންނެވެ. މުޅިސިފައިންގެ ތެރެއޮތީ ބޭރާއެކު ދިއްލާއި އަލިކޮށްފައެވެ. ގައިދީންގެ އަޑުތައް ފިޔަވާ އެހެން އެއްވެސް އަޑެއްބަޑެއް ޖައްވުތެރެއަކު ނެތެވެ. އޮތީވަރަށް ހަމަހިނމޭންކޮށެވެ. ވަށައިގެން މަގުތައް އޮތީހުސްކޮށެވެ. ރޯއަޑާއި ހަޅޭލަވާއަޑު އެތެރެއިން އިވެއެވެ. ފޮޓޯނެގުމަށް ފްލޭޝް އަންދާކަން އޭގެވިދުވަރު ފެންނާތީ އެނގެއެވެ. ދަންވަރު އެކެއް ޖެހުމަށް ފަހު، ޤާސިމާއި ޒަކީއާއި ޑޮކްޓަރ މުނައްވަރު ތިރިއަށް ކޮންމެވެސް ދިމާއަކަށް ގެންގޮސްފިއެވެ.
އިރުކޮޅަކުން ޑޮކްޓަރ ޙުސައިން އިޝާރާތުން އެމީހުންގެންދިޔައީ ދޫނިދޫއަށް ކަމަށް އަންގާލެއްވިއެވެ. ހީވަނީ އެފަޅީގެ ކުޑަދޮރުތަކުން ބޭރުބާލައި ލެއްވީހެންނެވެ. މިތާތެރޭގައި ގާޑުންނަށް ތިއްބެވި އޮފިސަރުން އެވަރަކަށް އަޅުގަނޑުމެންގެ ކަންތަކާ ފަހަކަށް އައިސް ބެހިއެއް ނުހަދައެވެ. ތިނެއްޖެހި ފަހުން އިބުރާ ވެސް ގެންގޮސް ފިއެވެ. ހީވަނީ އެންމެން ވެސް ދޫނިދޫ ޖަލުގެ ކުޑަގޮޅިތަކަށް ބަދަލުކުރަނީ ހެންނެވެ.
ތިންގަޑިބައި އެހާކަންހާއިރު އަޅުގަނޑާއި ޑޮކްޓަރ ޙުސައިނާއި އަލީފާއިޒު ވެސް ބަލާ އަތުވެއްޖެއެވެ. ސިޑިން ތިރިއަށް ބާލާއިގެން ގެންގޮސް ވެއްދީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށެވެ. ފަހަރަކު މީހަކު ލައްވާ ސޮއިކުރުވީ ބަންދުކުރެވުނު ސަބަބު އަންގާ ލިއުމުގައެވެ.
މިކަންނިމުނުއިރު ފަތިސް ނަމާދަށް ބަންގި ގޮވަނީއެވެ. ދެން އެޢިމާރާތުގެ ފަސްޓްޕްލޯގައި ހުންނަ ތަހުގީގުކުރާ ބައިގެ އުތުރުފަރާތުގައި އޮންނަ ހުސްބައިގައި ހުރިގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށް އެންގުމުން ނަމާދުކުރަން ބޭނުމޭ ވުޟޫއު ކުރެވޭނެ ގޮތެއްއެބައޮތްހޭ އެހުމުން އަރިމަތީ ތާކުން ޕާޚާނާއެއް ދައްކާފައި ވަދެވުޟޫއު ކުރުމަށް ގާޑަކަށް ހުރި އޮފިސަރު ބުންޏެވެ.
ފާޚާނާއިން ނުކުތުމުން ކުނަލެއް ގެނެސްދިނުމުން އެތާތަޅުންމަތީގައި ފަތިސްމަނާދު ކުރީމެވެ. އިރުކޮޅަކުން ޑޮކްޓަރ ޙުސައިން ވެސް އެތަނަށް ކުނަލެއް ހިފައިގެން އައިސް ފަތިސް ނަމާދު ކުރެއްވިތަން ދުށީމެވެ. ސޮއިކުރުވި މިލިޔުމަކީ، ކަމެއްގެ ތުހުމަތުގައި ހައްޔަރު ކުރެވެންޏާ، 24 ގަޑިއުތެރޭގައި އެކަން ލިމުމަކުން އަންގަން ޖެހޭތީއޭ ބުނެތައްޔާރު ކުރިލިޔުމެކެވެ.
މިލިޔުމުގައި ސަބަކަކަށް ލިޔެފައިއޮތީ، އޯގަސްޓް 12-13 ގައި ޖުމްހޫރީ މައިދާނަށް ބަޔަކުއެއްވެ ހިންގިޣައިރުޤާނޫނީ އެއްވުމުގައި ބައިވެރިވެ އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވެނީކަމަށެވެ. މިލިޔުމުގައި ސޮއިކުރުވީ ދެފަށުގެ، ޢަބުދުﷲ ނަވާޒުކިޔާ އޮފިސަރެކެވެ. ފަތިސް ނަމާދުކޮށް ނިމުނުތަނާހެއް ފޯރިއެއް ބަލާއައިސް ހުއްޓެވެ. ސޮއި ކުރުވުމުގައި އިސްކޮށް އިންނެވީ ސްޓާފް ސަރޖަންޓް އަލީ އަޙްމަދެވެ. ބަލާއައި އޮފިސަރު ހިނަގާށޭދާން ކިޔާފައި އަޅުގަނޑު ގޮވައިގެން ހިނގައިގަތީ، ދޮރުންނުކުންނަ ގޮތަށް ސިޑިއާ ދިމާއަށް ތިރިއަށް ދާގޮތަށެވެ.
ސިޑިން ބާލައިގެން ބިލްޑިންގުން ނުކުމެ ތޮށިގަނޑު މައްޗަށް ގެންދިޔައިރު، ކޯސްޓްގާޑްގައި ބޭނުންކުރާ ވައްތަރުގެ ގަލްފްކްރާފްޓް ސްޕީޑް ލޯންޗެއް ރެޑީކޮށްފައި އޮތެވެ. އެލޯންޗަށް އެރުވީ އަޅުގަނޑާއި ޑޮކްޓަރ ހުސައިނާއި އަލީ ފާއިޒެވެ. އަޅުގަނޑުމެން ތިންމީހުން އަރުވައިގެން ދުއްވާލީއެވެ. ފަސްމިނެއްޓެއްހާ އިރުތެރޭގައި އިސްޕީޑް ދަށްކޮށްލީމާ ބަލައިލިއިރު ދޫނިދޫއޮތީ ވަރަށް ކައިރިވެފައެވެ. ބަނދަރުކޮށް ފޭބިއިރު، ލޭޑީ އިބްރާހީމް މަނިކު ތޮށިގަނޑު މަތީގައި އިސްތިގްބާލުގައި ހުންނެވިއެވެ. ދޫނިދޫޖަލު ބަލަހައްޓަވަން އިސްކޮށް ހުންނެވީ އޭރު އޭނާއެވެ.
އެހެންކަމުން ލޭޑީގެ އިދާރީބައި ނިންމާލެއްވުމަށް ފަހު، ޖަލުގެ ގަވާއިދުގެ ކޮޕީއެއްގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. އަޅުގަނޑަކީ ޑައިބެޓިކް މީހެއްކަމާއި އަޅުގަނޑަށް ކާންދޭން ޖެހޭނީ ޑައިބެޓިކް ކާނާކަމުގައި ދެންނެވުމުން އެވާހަކަ އިތުރުކޮށް އަލުން ގަނޑެއްގައި އެވާހަކަލިޔެފައި ސޮއިކުރުވިއެވެ. މިލިޔުން ވަކިފައިލަކަށްލާއި އަޅުގަނޑަށް ޚާއްސަ ކެއުމެއް ހަމަޖައްސައި ދޭނެކަމަށް ލޭޑީ ވިދާޅުވިއެވެ.
އަޅުގަނޑު ގެނައި ޑައިބެޓިކް ބޭސްތައް ގޮޅިއަށް ވެއްދުމުގެ ހުއްދަ ދެއްވިކަމަށް އެފައިލުގައި ލިޔުއްވިއެވެ. ބޭސްތަކާއި ފަޓުލޫނުގެ ބެލްޓުވެސް ގޮޅިއަށް ގެންދެވޭގޮތަށް ހުއްދަދެއްވީއެވެ. މިއީ ކުރީފަހަރު ތަކުގައި ކުރާކަމެއް ނޫނެވެ. އަޅުގަނޑަށް ޚާއްސަގޮތެއް ހަމަޖައްސައި ދެއްވީއެވެ. ގަވައިދުން ޑައިބެޓިކް މީހެއްގެ ގޮތުގައި ރަޖިސްޓްރީ ވީއެވެ. އަޅުގަނޑަށް ގޮތެއް ވެއްޖެއްޔާ ލޭޑީ ޒިންމާ އުފުއްލަވަން ވާނޭ، ސަމާސާ ރާގަށް އަޅުގަނޑު ދަންނަވާލީމެވެ. މީނާ ވަކިއެއްޗެކޭ ނުބުނުއްވާ ހީނލެއްވީއެވެ.
މިހުރިހާ ކަމެއްނިމި ގޮޅިއާ ހަމައަށް ގެންދެވުނުއިރު އިރުގެ އަލިކަން ޖައްވުތެރެއަށް ފާއްދާލައިފިއެވެ. ތަންތަން ފެންނަވަރު ވެއްޖެއެވެ. އަޅުގަނޑު ގެންގޮސް ވެއްދީ، 17 ނަމްބަރު ގޮޅިއަށެވެ. މިއީ އަޅުގަނޑަށް އާތަނެއް ނޫނެވެ. މުޅިން ހިތުދަސް ތަނެކެވެ. އިރުގެއަލިކަން ފެތުރި ޖަލުގެ ފޯރިއަކާ ދިމާވުމުން ޚަބަރުތައް ސާފުކޮށް ލުމުން އެނގުނު އެއްޗަކީ، އިބުރާ އިންނެވީ، 2 ނަމްބަރު ގޮޅީގައިކަމެވެ.
މިއީ ދޫނިދޫ ޑިޓެންޝަން ސެންޓަރުގެގެ އެއްނަމްބަރު ޖަލެވެ. ޑިޓެންޝަން ސެންޓަރު މިރަށަށް ކިޔަން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ވިސްނާ، ވިސްނާވެސް ނޭންގުނެވެ. އަޅުގަނޑުމެން ކިޔަނީ، “ދޫނިދޫ ޕްރިސަންެ” އެވެ. މިބައިގާ އަދިވެސް ކުރިންހުރި، 16 ގޮޅިއާއި އިތުރު ގޮޅިތައް ހުރެއެވެ. އަދި ދެނަމްބަރު ޖަލެއްހުރެއެވެ. އެބަޔަށް ވަންނަން ހުންނަނީ އެހެން ދޮރެކެވެ.
ދެނަމްބަރު ޖަލުގައި ތިބީ، އަހްމަދު ޢާދިލާއި އެކްސްރޭ އަޙްމަދު ޢާޠިފާއި ނަފާނަސީމާއި ގާދިއްފުށީ އަހްމަދު ޝަފީޤު، ސައްޕެއާއި ހުޅުދޫ ހުސްނުއް ސޫޢޫދާއި ޢަލީ ޝިޔާމާއި ނަޒާކީ އިބްރާހީމް ޒަކީއާއި ޅޮހީގޭ މާހިރާއި ޒިޔާއްޓޭއާއި އައިސީއާއި މުޙައްމަދު ފުޅާއި ސިފައިންގެ މީހެއްގެ ގަޔަށް ކަޅުހުކުރުގައި ވަޅިހެރި، ޙުސައިންޕައިޑާ އާއި ކުޅުދުއްފުށީ އާދަމް، އަންމަޑޭ އާއި އޭނާގެ ބޭބެ ޢަބްދުއް ރަޝީދު އާދަމް، އަބުސީއާއި ނަންރީތި ސަލީމްގެ ދަރިފުޅާއި މިފަދަ ގައިދީން ތަކެކެވެ.
އެއްނަމްބަރު ޖަލުގައި އަޅުގަނޑައި އިބުރާއާ އެކުގައިތިބީ، 1 ނަމްބަރު ގޮޅީގައި ސޫޒަން އިބްރާހީމާއި، 5 ނަމްބަރު ގޮޅީގައި ޒުހައިރާޢުމަރު، އާންޓީ ހުންނެވިކަން އެނގުނެވެ. ޤާސިމާއި މުނައްވަރާއި ޒަކީގެންގޮސް ވެއްދި ދޫނިދޫގައި ޑޭވީހުންނެވިގެ ކޮޅުގައި ހަދާފައިހުރި އެއަރކޯން ކޮޓަރި ތަކަށެވެ. އަޅުގަނޑާއެކު ގެނައި ޑޮކްޓަރ ޙުސައިން ރަޝީދު ވެއްދީ އެއްނަމްބަރު ޖަލުގެ، 9 ނަމްބަރު ގޮޅިއަށެވެ. އަދި ޢަލީފާއިޒު ވެއްދީ، 29 ނަމްބަރު ގޮޅިއަށެވެ. ގޮޅިއަށް ވައްދަމުން ކޮންމެމީހަކަށް، މުންޑަކާއި ޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ދަތްއުނގުޅާ ބޭސްފުޅިއަކާއި ސައިބޯންޏަކާއި ތުވާއްޔެއް ދީފައި މިތަކެތި ލިބުނުކަމަށް ފޮތެއްގައި ސޮއިކުރުވިއެވެ. މުންޑައި ތުވާއްޔަކީ އެންމެދެރަ ފޭރާމުގެ އެއްޗިއްސެވެ.
14 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 2 ވަނަ ދުވަހެވެ. ރޭގަނޑު ކެއުމުގެ ފަހުން ތަހުގީގަށް ނެރުނެވެ. މިއީ ތަހުގީގު ކުރުމަށް ނެރޭފުރަތަމަ ފަހަރެވެ. ތަހުގީގުޓީމުގައި އިސްކޮށް ތިއްބެވީ، ޢަބްދުﷲ ނަވާޒާއި އަލީއަޙްމަދެވެ. މިޓީމާއެކު އެހީތެރިވުމަށް، މޯރާތައުފީޤާއި ޚަލީލުކިޔާ ބޭފުޅަކާއި އަދިވެސް ދެޕުރައިވެޓުން ތިއްބެވިއެވެ. މިއީ ތަހުގީގުޓީމާ ވަކިން ހަރަކާތްތެރިވާ ބައެކެވެ. ބިސްމި ކިޔާފައި އަޅުގަނޑު ފުރަތަމަ ވެސް ފެއްޓީ، އަޅުގަނޑު ކަނުބަނދެފައި ރަނގަޅަށް ތަޅާލި މައްސަލައިގެ ވާހަކައެވެ.
އަދި ރޭގައި ޖަލަށް ވެއްދިއިރު ވެސް، ލޭޑީ އިބްރާހީމް މަނިކު ކައިރީގައި މިމައްސަލަ، ޝަކުވާއެއްގެ ގޮތުގައި ޖެއްސީމޭ ދެންނެވީމެވެ. އަދި އަޅުގަނޑަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިމްތިޔާޒުތައް ލިބިގެންވާ، ﷲ ގަންދެއްވައި ހުވާކޮށްގެންހުރި އިއްޒަތްތެރި އެކޭނަންގަތީމެވެ. އަޅުގަނޑު ހައްޔަރުކޮށްފައި ބަހައްޓަންވާނި އަޅުގަނޑު ކޮށްގެންހުރި ހުވަޔަށް ޢަމަލުކުރެވޭ ގޮތަށޭ ދަންނަވައި އިލްތިމާސް ކުރީމެވެ.
އަދި މިހާރުވެސް ސިފައިންގެ އޮފިސަރަކު ޖަހައިގެން ބުރަކައްޓަށް ތަދުވާކަމާއި ކަކުލުގައާއި އަތުގައި ކޮނޑާދިމާއިން މަށައިގެން ގޮސްފައިހުރި ތަންތަން މިދެމީހުންނަށް ދައްކައިފީމެވެ. ޢަލީއަޙްމަދާއި ނަވާޒު ވިދާޅުވަނީ އަނިޔާ ކުރިއްޔާ ތިކަމެއްކުރީ ރާއްޖޭގެ އާމީން، އާދެ ސިފައިންނެވެ.
މިހާރު ސިފައިންނާ ފުލުހުން މަސައްކަތް ކުރަނީ ވަކިންނެވެ. މިއަންނަމަހު އެކެއްގައި ރަސްމީކޮށް އެކަންތައް ސަރުކާރުން އިއުލާނު ކުރައްވާނެއެވެ. ތިޔަ މައްސަލަ ވެރިންނާ ހަމައަށް ގެންގޮސް ދޭނަމެވެ. ތަހުގީގު މިހިންގަނީ ދިވެހި ރާއްޖޭގެ ފުލުހުންނެވެ. ދިވެހި ސިފައިންނެއް ނޫނެވެ. ރަސްމީކޮށް މިދެތަނުގެ ވަކިކުރެއްވުން އިއުލާނު ކުރެވޭނެއެވެ. ވިދާޅު ވެއްޖެއެވެ. ތިޔަކަންތައް ވެރިންނަށް ހުށަހަޅައި ދޭނަމެވެ.
ދެން، އަޅުގަނޑު ދެންނެވީމެވެ. ބޭރުދުނިޔެއަށް ދެއްކުމަށް ސިފައިން ދެނަމަކަށް ބަހާލިއަސް ތިޔަބޭފުޅުން ތިޔަކުރައްވަނީ ރައީސް މައުމޫނު އަންގަވާ ކަންތަކެވެ. ގާނޫނަކުން ލާޒިމުކުރާ ކަންތަކެއްނޫނެވެ. ތިޔައީ އެމަނިކުފާނަށް ކިޔަމަންތެރިވާ ގޮތަށް ތިއްބަވާ އެއްބައެކެވެ. އެއް ޖަމާއަތެކެވެ. ދެކުލައިގައި ޔުނީފޯމް ހުރެދާނެއެވެ. ތިޔައީ ގާނޫނު އަސާސީއަށް ބަލައިގެން އުޅުއްވާ ބައެއްނޫނެވެ. ތިޔަމީހުން އަޅުގަނޑަށް ކުރިއަނިޔާ ތަކުގެ ޒިންމާ އުފުއްލަވަން ޖެހޭނެއެވެ. މިހުރީ އަނިޔާކުރިކަން ސާބިތުވާނެއެވެ. މިތަންތަން ފޮޓޯނަގަން އަޅުގަނޑު ބޭނުމެވެ. ތިޔަކަންތައް ފަހުންބަލާނީއޭ ފޮޓޯއެއް ނުނެގޭނޭ ބުނުއްވިއެވެ.
ދެން އެއްސެވީ ލޯޔަރެއްގެ ބޫނުން ހިއްޕަވަން އިލްޔާސް ބޭނުންފުޅިއްޔާ އެކަން ކުރެއްވިދާނެއެވެ. ހަމަމިހެން ބުނުއްވުމާއެކު ލޯޔަރެއްގެ ބޭނުން ހިފަންބޭނުމޭ ދަންނަވައި ފީއެވެ. ކާކުތޯ ހަމަޖައްސާނީ އެއްސެމުމުން ގެއަށް ގުޅާފައި ބުނެދެވިދާނެހޭ، ދެންނެވުމުން އެކަން ހަމަޖައްސަވައި ދެވިދާނޭ ވިދާޅުވެއްޖެއެވެ. މިއެދުމުގެ މަތިން، ގެއަށް ގުޅުމުން، ލޯޔަރު އަލްއުސްތާޒު އަހްމަދު މުއިޒް ހަމަޖެއްސުމަށް ގޭންބުންޏެވެ. އެހެންމީހުންގެ ލޯޔަރުކަން ކުރައްވަނީ ވެސް މުއިޒު ޓޮސްބެއޭ ގެއިން ކޮއްކޮއެއް ކަމުގައިވާ މުޙައްމަދު ރަޝީދު، ބިގޭ ބުންޏެވެ.
އަދި މުޢިޒުގެ ނަމްބަރު ގެއިން ބިގޭ ދިނުމުން، ގެއަށް ގުޅިކޯލް ނިންމާފައި އަޅުގަނޑުގެ ލޯޔަރ އަޙްމަދު މުޢިޒުއާ ގުޅަން ބޭނުންކަމަށް އެދުމުން އެކޯލްވެސް ހަމަޖައްސައި ދެއްވިއެވެ. ގުލާލިތަނުން އަލްއުސްތާޒު އަޙްމަދު މުޢިޒު، ޓޮސްބެއާ ގުޅިއްޖެއެވެ. މުޢިޒު ހުންނެވީ މިކަންތައް ކޮށްދޭހިތުންނެވެ. މާދަމާ ތިކަމާގުޅޭ ސިޓީލާނަމޭ ވިދާޅުވިއެވެ. ވަރަށް ސަލާމް ބުނެފައި ޙުސްނު ކޮބައިތޯ އަހާލުމުން އިއްޔެއިން ފެށިގެން ޙުސްނުއްސުޢޫދު ނުފެންނަކަމަށް މުޢިޒު ވިދާޅުވިއެވެ.
އެންމެންނަށް ސަލާމްބުނެފައި ދެންކަނޑާ ލީއެވެ. ދެން ތަހުގީގުޓީމުން ލޯޔަރެއް ބޭނުންވާނެކަމުގެ ލިޔުންތައްޔާރު ކުރުމުން އަޅުގަނޑު އެލިޔުމުގައި ސޮއިކުރީމެވެ. ގެއަށް އަދިވެސް އެއްފަހަރު ގުޅާލެވިދާނެތޯ، އަންހެނުން ގާތުގައި ލޯޔަރުގެ ފީގެވާހަކައާއި ޖަލަށް ގެންނަން ބޭނުންވާ ތަކެތީގެ ވާހަކަ ބުނެލަން ޖެހޭނެއޭ ދެންނެވުމުން ނަވާޒު ވިދާޅުވީ ތިޔަކަން ވެދާނެއެވެ. ރުކުގެ މޯބައިލް ފޯނުނަމްބަރަށް ގުޅާލުމުން ވަރަށް އަވަހަށް ގުޅިއްޖެއެވެ. ރުކު އުފަލުންގޮސް ހަޅޭލަވައިގެންފައި ދޮށީދަރިފުޅަށް ޓޭނަށް ގޮވާއަޑުއިވުނެވެ. ވަރަށް އުފާވިއެވެ. ދެންނުގުޅޭނެ ކަމާއި ހިތްވަރު ކުރުމަށް ބުނީމެވެ.
މިހިރީ ދޫނިދޫ ޖަލުގައިކަމަށް ބުނީމެވެ. އަދި ޖަލަށް ފޮނުވަން ޖެހޭއެއްޗެހީގެ ލިސްޓެއް ކިޔައިދީފައި ލޯތްބާއި ސަލާމް ބަދަލުކޮށް ހަދާފައި ބޭއްވީއެވެ. ތަހުގީގު ޓީމަށް ވަރަށް ޝުކުރު އަދާކުރީމެވެ. ތިންކޯލް މާލެއަށް ކޮށްދިނީތީއެވެ. ނަވާޒުސޯ ވަރަށް ރަނގަޅެވެ. މީގެފަހުން އަބަދުވެސް އޭނާއަކީ އަޅުގަނޑަށް އިހުތިރާމް ބަހައްޓާ ގާތްކަން ގެންގުޅުއްވާ އޮފިސަރެކެވެ.
ދެން މިރޭގެބައި މިހާހިސާބުން ނިންމާލެއްވީއެވެ. އިތުރުކަމެއް އަދި ސުވާލެއްވެސް ނުކުރެއެވެ. ދެން ގެންގޮސް، 17 ނަމްބަރު ގޮޅިއަށްލާ ތަޅުލީއެވެ. އަދި މިއަދު، “ޖުމްހޫރީ މައިދާނަށް ބަޔަކުއެއްވެ، ސަރުކާރާ ދެކޮޅަށް ގާނޫނާޚިލާފު އަމަލުތަކެއް ހިންގުމާގުޅިގެން، ސަރުކާރުން އަޅުއްވަން ޖެހިވަޑައިގެންނެވި ފިޔަވަޅު ތަކުގެ” މަޢުލޫމާތު ރައީސުލް ޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހަށް ދެއްވިކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރިކަން ސާފުވިއެވެ.
15 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 3 ވަނަ ދުވަހެވެ. މިއަދު އެއްވެސް ޚަބަރެއް ނެތުމުން، ލޭޑީއާ ބައްދަލުވާން އެދުނީއެވެ. ވަރަށް ފަސޭހައިން ލޭޑީ ގޮޅީގެ ދޮރުމައްޗަށް ދުރުވެ އަޅުގަނޑާ ބައްދަލު ކުރެއްވިއެވެ. އަޅުގަނޑު ހީކުރީ، ޖަލުއޮފީހަށް އަޅުގަނޑު ނެރޭނީ ކަމަށެވެ. ފަހަރުގައި މީނާއަށް، ގައިދީން ގޮޅިން ނެރުމާއި މިފަދަ ބައެއް ކަންތައް، އަމިއްލައަކަށް ކުރިޔަށް ގެންދިއުމުގެ ހުއްދަ ނޯންނަކީ ކަމަށް ވެދާނެއެވެ. ލޭޑީ ދުރުވެ ސަލާން ގޮވާލެއްވުމުން އަޅުގަނޑު ދެންނެވީމެވެ.
ލޭޑީއެވެ! މާދަމާއަކީ މަޖިލިސް އޮންނަދުވަހެވެ. އަޅުގަނޑު ޖަލްސާއަށް ދާންބޭނުމެވެ. އަޅުގަނޑު މިހުރީ ޝަރުޢީ ބަންދެއްގައި ނޫނެވެ. ތިޔަބޭފުޅުންގެ ބަންދެއްގައެވެ. ރައްޔިތުންގެ ކަންކަމަށް އިސްކޮށްފައި އަޅުގަނޑު މިހުރީ އެކަންތައް ދުވަހުން ދުވަހަށް ކުރުމަށް، ﷲ ގަންދީހުވާކޮށް ގެންނެވެ. ހަމަމިތާ ތަޅުލެވިގެން ޖަލްސާތައް ހިންގަމުންދާއިރު އޮންނަންވީ ތޯއެވެ. އަޅުގަނޑު ޖަލްސާއަށް ދާންބޭނުމެވެ. މިއީ ތިޔަބޭފުޅުން ވިސްނާލައްވަން ޖެހޭނެ ގާނޫނީ މައްސަލައެކެވެ.
އަޅުގަނޑަށް ދެވޭހިސާބެއްގައި ހުރިއްޔާ ޖަލްސާއަށް ހާޒިރުވުމަށް ގާނޫނުތައް ލާޒިމް ކުރެއެވެ. ތިޔަބޭފުޅުންގެ އިސްފަރާތްތަކަށް ވީހާއަވަހަށް މިވާހަކަ އަޅުގަނޑުގެ ފަރާތުން ގެންގޮސް ދެއްވާށެވެ. މަޑުން ހުންނަވައިފިނަމަ ތިޔަބޭފުޅާއާ ވެސް ގާނޫގެ ދަށުން ސުވާލުކުރެވޭ މަރްޙަލާ އަކަށް ހިނގައިދާނެއެވެ. ރައްޔިތުން ޚާއްސަ މަޖިލީހަކީ ދައުލަތުގެ އެންމެ ބާރުގަދަ މުއައްސަސާއެވެ.
އެއީ ގާނޫނު އަސާސީ ލިޔުމަށް ރައްޔިތުން އިންތިޚާބުކޮށް ގާނޫނީ އިމްތިޔާޒުތަކެއް ދީފައިވާ ބާރެކެވެ. ޝަރީޢަތް މެދުވެރިކޮށް އަޅުގަނޑަށް ހުމުމެއް ނާންނަނަމަ ޖަލްސާތަކަށް ހާޒިރުވެވެން ޖެހޭނެއެވެ. ލޭޑީއަށް މިކަންތައް އަޅުގަނޑު ކިޔައިދޭން ޖެހޭތީ ދެރަވަމެވެ. އެހެނަސް ކުރާނީ ކީއްތޯއެވެ! މިއަދު މިއޮތީ އެޙާލަތަށް އައިސްފައެވެ. އަޅުގަނޑު މަޖިލީހުގެ ރަސްމީ ޖަލްސާތަކަށް ހާޒިރުކޮށް ދިނުމަކީ މިއަދު، ސިފައިންނަށް އޮތްވާޖިބެކެވެ. މިކަން އާދައިގެ ކަމަކަށް ނުހައްދަވާށެވެ. އަވަހަށް އިސްފަރާތްތަކާ ހަމައަށް މިވާހަކަތައް ގެންގޮސް ދެއްވާށެވެ.
މަޖިލީހުގެ އެތައްބަޔަކު ކުޑަގޮޅިއަށްލާ ތަޅުލާފައި ޖަލްސާތައް ކުރިޔަށް ގެންދިއުމަކީ ބައިނަލް އަޤްވާމީ މުޖްތަމަޢު ރުހޭނެކަމެއް ނޫނެވެ. ރައްޔިތުންގެ ބާރުފެށިގެން އަންނާނީ ރައްޔިތުންނާ ހަމައިންނެވެ. ސިފައިނާ ހަމައިންނެއް ނޫނެވެ. މިއަދު އެބާރުވެރިންގެ ގޮތުގައި ރައްޔިތުންގެ ޞައްޙަވޯޓުން ހަމަޖައްސާފައި މިތިބީ އަޅުގަނޑު މެންނެވެ. ރައްޔިތުންގެ މަންދޫބުންނެވެ. މަޖިލީހުގެ މެމްބަރުންނެވެ.
އދ.އަތޮޅު ރައްޔިތުންގެ ބަހެއްނެތި މަޖިލީހުގެ ޖަލްސާތައް ހިންގުމަކީ، ސަރުކާރުން ކުރާޖަރީމާއަކަށް ވެގެންދާކަށް އަޅުގަނޑު ބޭނުމެއް ނުވެއެވެ. މިވާހަކަތައް އަހާފައި ލޭޑީ، ވަރަށް ހަމްދަރުދީ ފާޅުކުރެއްވިއެވެ. ކަންބޮޑު ވެއްޖެއެވެ. ރުޅިވެރިކަމުގެ އެއްވެސް ކުލަވަރެއް މޫނުމަތީގައި ފެންނާކަށް ނެތެވެ. މީނާ އަޅުގަނޑައި ވަރަށް ގަޔާވެއްޖެއެވެ.
ހަމަ މިހާރު ތިކަމާމިއުޅެނީއޭ މާލެއާ ގުޅައިގެން ތިޔަކަންތައް ބަލާފައި ޖަވާބެއް، އިލްޔާސަށް ގެނެސްދޭނަމޭ ބުނުމުން، އަޅުގަނޑު އަތްދިއްކޮށް ލުމުން މީނާ، އަޅުގަނޑާއި ވަރަށްބާރަށް ސަލާންކޮށްފައި އަތްދެތިންފަހަރަކު ތަޅުވާލާފައި ހިނގައްޖެއެވެ. މިސަލާމުގައި ހިނިތުންވުމެއް ހިނގިއެވެ. މީނާގެ ހަމްދަރުދީ އަޅުގަނޑަށް އޮތްކަން އަޅުގަނޑަށް ކަށަވަރުވިއެވެ. އަޅުގަނޑު ދުށީ މިއީ ރަނގަޅު ޢަލާމަތެއް ކަމަށެވެ. ނަވާޒުސޯ ވެސް އޯކޭއެވެ. މީނާވެސް….! ދެން، މީނާއަށް ހެޔޮވިސްނުން ދެއްވާތޯ އެހިންދު އަޅުގަނޑު ދުޢާކުރީމެވެ. މިއަދު ދެން އިތުރުކަމެއް ނެތެވެ.
ދެން، ލޭޑީ އަޅުގަނޑު ކައިރިއަށް ވަޑައިގަތީ ރޭގަނޑު އެގާރަގަޑިބައި އެހާކަންހާއިރު އަޅުގަނޑު ނިދާފައި އޮއްވައެވެ. ލޭޑީ، ސަލާން ގޮވާލެއްވުމުން ޓަސްލާފައި ފުންމައިގެން އަޅުގަނޑު ތެދުވެއްޖައިމެވެ. އަދި އާދޭހޭ ދަންނަވައިފީމެވެ. މިކަމާ ވެސް މީނާހުންނެވީ ވަރަށް އުފާވެފައެވެ. ހިނިއައިސްފައެވެ. ވަޑައިގެން ހުންނެވީ، ރަސްމީލިޔުމެއް ހިއްޕަވައިގެންނެވެ. އެލިޔުން އަޅުގަނޑު އަތަށް ދިއްކޮށް ލެއްވުމުން އަޅުގަނޑު ބަލައިލިއިރު އޮންނަނީ މިފަދައިންނެވެ. 16 ވަނަ ދުވަހު އޮތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ޖަލްސާ، މާދަމާ ނޯންނާނެ ކަމަށާއި ދެން އޮންނާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ.
މިކަން އަޅުގަނޑަށް އެނގިއްޖެ ކަމަށް އެލިޔުމުގައި ސޮއިކުރާ ގޮތަށެވެ. ދެން ލޭޑީ ގަލަމެއް ދިއްކޮށް ލެއްވުމުން އެލިޔުމުގައި އަޅުގަނޑު ބޮޑުސޮޔެއް ކޮށްލުމުން ލޭޑީ ހީލައްވާފައި މިނިމުނީ ނޫންތޯއޭ ވިދާޅުވެފައި ހިންގައްޖެއެވެ. ނިދަންއަރާ އޮށޯވެއޮވެގެން އޮތްއިރު އަޅުގަނޑުގެ ހިތަށް މަކަމާގުޅިގެން ބައިވަރު ޚިޔާލުތައް ކުރެވުނެވެ. ހިތަށް އެރިއެވެ. މަޑުންނުހުރެ މިވާހަކަތައް ދެއްކުމުން މިއޮއްތީ މިކަން ރަނގަޅަށް ހިނގާފަތާއެވެ!
އަޅުގަނޑުމެން ޖަލްސާއަށް ހާޒިރު ކުރުމުގެ ބަދަލުގައި ޖަލްސާތައް ވަގުތީގޮތުން ކެންސަލް ކޮށްލީއެވެ. އަޅުގަނޑަށް ލިބުނު ފިލާވަޅަކީ ކެރިގެން ބުނަންޖެހޭ އެއްޗެހި ބުނެހެދުމަކީ ކާމިޔާބު ވުމަށް އޮތްމަގު ކަމުގައެވެ. ކަންކަމަށް ކެރިގެން ކުރިމަތި ލުމަކީ ކާމިޔާބު ވުމުގެ އަސްލު ކަމުގައެވެ. ޙައްޤަށް ނަޞްރު ދެއްވާނީ ވެސް ތެދުވެރިކާމާއެކު ކުރިމަތިލާން ކެރުމުން ކަމުގައެވެ. ޙައްޤުބަސް ބުނުމުން މަޝްވަރާއަށް ދޮރުހުޅުވޭނެ ކަމުގައެވެ.
އަދި “އޯގަސްޓް 12 ވަނަ ދުވަހާއި 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ ހަމަނުޖެހުން ހިންގި މައްސަލައިގާ، 185 މީހަކު ހައްޔަރުކޮށް ފައިވާކަމަށް” ފުލުސް އޮފީހުން މިއަދު ހާމަކުރިއެވެ.
އަދި މޯބައިލްފޯނުން އެސްއެމްއެސް ފޮނުވުމުގެ ޚިދުމަތާއި އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި އޮތުމަށްފަހު އަލުން އެޚިދުމަތް މިއަދު ދޭންފެށިއެވެ. މިކަމާ ގުޅޭގޮތުން ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ނެރުއްވި ޚާއްސަ ދެންނެވުމުގައި އޮތީ، “ރާއްޖޭގެ އަމަން އަމާންކަމާއި ޞުލްޙަ މަޞްލަޙަތު ރައްކާތެރި ކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ދަށުން އިންޓަނެޓާއި އެސްއެމްއެސް ވަގުތީގޮތުން މެދުކަނޑައިލި ނަމަވެސް، މިއަދު އެޚިދްމަތް އަލުން ގުޅައިދީފައިވާ” ކަމަށެވެ.
16 އޯގަސްޓް 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 4 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. މެޑިކަލް ކަންތަކާ ހަވާލުވެގެން ހުންނަވާ އޮފިސަރު މިއަދު މިގޮޅިއަށް ޒިޔާރަތް ކުރިއެވެ. އަޅުގަނޑުގެ ބުލަޑް ޕްރެޝަރ ބަލާއިޗެކްކޮށް ޕަލްސްހުރިވަރު ވެސް ޗެކު ކުރެއްވިއެވެ. ބީޕީހުރީ، 90/140 ގައެވެ. ޕަލްސްހުރީ މިނެޓަކު، 65 ގައެވެ. ގަވާއިދުން ބޭސްކަންތޯ އައްސަވާފައި މީނާ ހިނގައްޖެއެވެ.
17 އޯގަސްޓް 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 5 ވަނަ ދުވަހެވެ. މިއަދަކީ އަޅުގަނޑު މެންނަށް ބޮޑުދުވަހެކެވެ. ދުވަހަކީ އުޑުމަތިސާފު ވައިރޯޅި ދަށްކޮށްހުރި ހޫނުގަދަ ދުވަހެކެވެ. އިރުމެދުޖެހި އަވިއެންމެ ބާރުވިވަގުތު ޖަލުތެރެއަށް، މާލޭން ވަޑައިގެންނެވި ބޮޑުންގެ ޓީމެއް ވެންނެވިއެވެ. މިޓީމުގައި އިސްކޮށް ތިއްބެވީ، ހޯމް އެފެއާޒް އެންޑު އެންވަޔަރަންމަންޓް މިނިސްޓަރ އޮނަރަބްލް އިސްމާޢީލް ޝަފީޢު އާއި ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް މިނިސްޓަރ އޮނަރަބްލް ޢަބްދުﷲ ކަމާލުއްދީނެވެ.
މިބޭފުޅުން ޖަލުތެރޭގައި ހިންގަވަމުން، ފަހަރަކު ގޮޅިއަކަށް ބޯދެއްވަމުން، އަތްޕުޅު ހޫރައްވަވަމުން ވަޑައިގަންނަވާ ތަންފެނެއެވެ. އިއްޒަތްތެރި މެމްބަރުން ހައްޔަރުކޮށްފައި ތިއްބެވި ބައެއް ގޮޅިތަކަށް މިބޭފުޅުން ވަންނަވަމުން ވަޑައިގެންނެވިއެވެ.
އަޅުގަނޑު ހައްޔަރުކޮށް ފައިހުރި، 17 ނަމްބަރު ގޮޅިއާއަރާހަމަވެ ވަޑައިގެންނެވުމުން، ޖަނަވާރު ބަގީޗާއެއްގެ ކޮށިތަކާއި ގޮޅިތަކުގައި ހައްޔަރު ކޮށްފައިތިބޭ ރާމާމަކުނު ތަކަކަށް ބައްލަވާލައްވާއި އަތްޕުޅުން ހަނާއަޅުއްވާ ލައްވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރިވަޑައި ގަންނަވައިގެން ނުވާނޭ، އަވަހަށް މިގޮޅިއަށް ވަންނަވާށޭ ދެންނެވުމުން، އަޅުގަނޑާ ސަލާމް ކުރެއްވުމަށް ފަހު އަޅުގަނޑު ހައްޔަރު ކޮށްފައިހުރި ގޮޅިއަށް މިބޭފުޅުން ވަންނަވައި ފިއެވެ.
ޢަބްދުﷲ އިންނެވީ އަޅުގަނޑު އިށީނުމަށް ދީފައިހުރި ޕްލާސްޓިކް ގޮނޑީގައެވެ. ޝަފީޢު އިށީންނެވީ އަޅުގަނޑު ނިދުމަށްހުރި އެނދުގައެވެ. އަޅުގަނޑުވެސް އިށީނީ އެނދުގައެވެ. މިބޭފުން ވިދާޅުވީ، ރައީސް މައުމޫނު ވިދާޅުވެގެން ތިޔަބޭފުޅުންގެ ހާލުބަލާލުމަށާއި ޚާއްސަކޮށް މަޖިލީހުގެ މެމްބަރުންގެ ހާލުއަހުވާލު އޮޅުން ފިލުވާލުމަށް އެމަނިކުފާނު ފޮނުއްވީމާ ވަޑައިގެންނެވީ ކަމަށެވެ. ވާހަކަދެއްކުމަށް އަޅުގަނޑަށް ފުރުސަތު ލިބުމުން ވަރަށްބޮޑަށް މައްސަލަ ޖެއްސީމެވެ. އިހްތިޖާޖާއި ނުރުހުން ފާޅުކުރީމެވެ.
ގޭގައިއިންދައި ނެރެގެން ގެނެސް ކަނުބަނދެ ހަތަރެސްފައިގައި ބިޑިއަޅުވާއި ރަނގަޅަށް ތަޅާލާއި އަނިޔާކުރުމަށް ފަހު، ދެންކޮން ހާލެއްބައްލަވާ ކަށްތޯއޭ ތިޔަވަޑައިގަތީ ދެންނެވީމެވެ. ކުޑަގޮޅިއަށްލާ ހައްޔަރުކޮށްފައި ޙާލުބައްލަވާށޭ ކިޔާފައި ބަޔަކު ފޮނުވާކަށް ނުޖެހެއެވެ! މިއީ އިންސާނުންނަށް އަނިޔާކޮށް އިންސާނީ ކަރާމާތް ނަގާލާ ބަގީޗާއެކެވެ! އިންސާނުންނަށް ގަސްދުގައި މިހާލުޖައްސާފައި މިއަނިޔާވެރި ދަރުބާރަށް އެމަންޒަރު ދުށުމަށް، ވަޑައިގަންނަވާކަށް ނުޖެހޭނެއެވެ. ތިޔައީ މުޅިންވެސް ކޮސްމެޓިކް ކުލަވެރެވެ. ދަޅަދެއްކުމެވެ. ތިއްތިދެއްކުމެވެ. ބޭރުދުނިޔެއަށް ދެއްކުމަށް ކުޅުއްވާ ތަމްސީލެކެވެ. ތިޔައީ އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫނެވެ.
ދެން، ޢަބްދުﷲ ވިދާޅުވީ، ތިމަންނާ މިފޮނުއްވީ ތިޔަބޭފުޅުންނާ އޮންނަ ގާތްކަމުންނެވެ. އިލްޔާސް އަލަށް ފެންނަން ފެށީއްސުރެ ވެސް ކިހާގާތްކަމެއް އޮވޭނޫންތޯއެވެ. މިއަޑުއަހާކަށް އަޅުގަނޑު ނުހަދަމެވެ. އަޅުގަނޑުގެ ވާހަކަތައް ކުރިޔަށް ގެންދިޔައީއެވެ. ބުނަންބޭނުން ވެފައިހުރި ހުރިހާ ވާހަކަތައް އެބޭފުޅުންގެ ކުރިމަތީގައި ގޮވާލެވޭތޯ ބެލީއެވެ. ހުރެވުނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ރުޅިގަދަވެފައެވެ. ބޮޑޭހެދިފައި ޓައިއަޅުއްވައިގެން މިހާލުގައި އަޅުގަނޑުމެން ތިއްބާ އަޅުގަނޑުމެންގެ ކުރިމަތިން ޖަމާޢަތް ހައްދަވައިގެން ހިންގަވާއި އަޗާތެޅުމުގެ ބުރުޖައްސަވަނީއޭ، އަޅުގަނޑު ދެންނެވީމެވެ.
އޭ! ޢަބްދުﷲ އެވެ! އޭ! ޝަފީޢުއެވެ! މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެކެވެ! ރަނގަޅަށްއަޑު އައްސަވާށެވެ! ދަންނަވަން ވަރަށްގިނަ ވާހަކަތައް އެބަހުއްޓެވެ! މިވާހަކަތައް އައްސަވާލެއްވުން އެދެމެވެ! ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް، ތިޔަބޭފުޅުން އާދޭހޭ ނުދަންނަވާށެވެ. ޔެސްމަނުންނަށް ނުވާށެވެ. މަންމަނުންނަށް ހެދިގެން ނުތިއްބަވާށެވެ. އަމިއްލަ ޚިޔާލާއި މަޝްވަރާ ރައީސަށް އަރުވާށެވެ.
ރައީސް މީހާއަރިހުގައި ވަޒީރުން އައްޔަން ކޮށްފައި ތިއްބަވަނީ ރައީސް މީހާއަށް ތެދުމަގު ދެއްކުމަށް އެހީތެރި ވުމަށެވެ. ތިޔަބޭފުޅުން ތިޔަތިއްބެވީ، ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ވާގޮތުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އިސްލާމް ދީނަށް ޙުރުމަތް ތެރިކޮށް ހިތުމަށާއި ދިވެހިގައުމާއި ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރި ވުމަށް، ﷲ ގަންދެއްވައި ހުވާކުރައްވައި ގެންނެވެ.
ދިވެހިންގެ މިގައުމު އިސްލާޙުގެ މަގަށް ގެންގޮސް ދެއްވާށެވެ. ދިވެހި ގައުމުކުދިކުދިވެ ހަލާކުވިޔަ ނުދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަ ގޮތެއްގައި ގެންގުޅުއްވާށެވެ. އިންސާނީ ކަރާމާތްތެރި ކަމަށް އޯގާތެރިވެ ހަމްދަރުދީ ބަހައްޓަވާށެވެ. ގައުމުގެ ކުރިމަގަށް ވިސްނަންތިބި ސިޔާސީބައެއްގެ ކުރިމަގު މަރާނުލައްވާށެވެ.
ފަހެ، ދަންނާށެވެ! އަޅުގަނޑުމެން މިގޮތަށް ކެތްތެރި ކަމާއެކުތިބެ، ޒިންދަގީދޫކޮށް މަރުވެ ހިނގައިދާނަމެވެ. މިފެންނަނީ ފަހުތިބީންނަށް ޢިބްރަތްލިބި ގަންނަންހުރި ފިލާވަޅުތަކެވެ. ވިސްނާވަޑައި ގަންނަވާށެވެ. ގައުމެއްގެ ދުސްތޫރާއި ގާނޫނުތައް އެކުލަވާލުމަށް، ރައްޔިތުން ހޮއްވަވާފައި ތިބިބަޔަކަށް މިފަދަ އަނިޔާތަށް ތިޔަދެއްވަނީ ކޮންހަމައަކުން ތޯއެވެ؟ ކުރިޔަށް އޮތްތާގައި ވެރިކަމުގައި ދެމިތިބުމަށް ހުރަހަކަށް ވެދާނެހެން ހީވާތީ، ރާވާލައްވައިގެން އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ފޯނުކޮށް ގެންނެރެ ދައުލަތާ ދެކޮޅަށް ބަޣާވާތެއް ހިންގި ބާޣީންތަކަށް ހައްދަވައި މިހާރުމިތިބީ ޖަލުގެކުޑަ ގޮޅީގައި ހައްޔަރުކޮށް ފައެވެ. ތިޔަދެބޭފުޅުން ނިކަން ވިސްނާ ވަޑައިގެން ބައްލަވާށެވެ. ކުރަމުން މިގެންދާ ތަހުގީގުތަކަކީ، އަޅުގަނޑުމެން، މިގޮތަށް އެކަހަރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅުވާއި އަނިޔާކޮށް ނުހައްދަވައި ވެސް ކުރެއްވޭނެ ކަމެކެވެ. ކަންތައް ތިޔަކުރައްވާ ގޮތް އެއްގޮތަކަށް ވެސް ނޭނގެއެވެ.
ސިއްރު ސިޔާސީ މަގްސަދުތަކެއް މިކަމުގެފަހަތުގައި ފޮރުވިފައި އޮންނަހެން ހީވާކަހަލައެވެ. ތިޔަކުރައްވާ ކަންތައް އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. ފަޅާއަރާ ދުވަހަކުން ބޭރުދުނިޔެއިން ތިޔަކުރައްވާ ކަންތައް ގަބޫލެއް ނުކުރާނެއެވެ. ބޭޒާރުވާނީ ތިޔަބޭފުޅުންނެވެ. މިހާރުވެސް އަޅުގަނޑުމެން ކުރަމުން މިގެންދާ ގައުމީޖިހާދު ގަބޫލުކުރާ މީހުންބޭރުގައި ބަލަންށާއި އަޑުއަހަން އެބަތިއްބެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފަރަތަމަ ޖަލްސާގައި ޚިޔާލުތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ހެދުމުގައި ވިސްނުނުގޮތާ ގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީރުޅިވެރި ކަމެއްގެ ތެރެއަށް ރީތިކޮށް ގަންބާލާފައެވެ.
މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިން ވަކިކުރެއްވީ، މިވަގުތު އެޓޮލްސްގައި އަޅުގަނޑު ކުރާނެކަމެއް ނެތިގެންނޭ ވިދާޅުވެ ރައީސް އޮފީހަށް ލިޔުއްވައި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވައި ގެންނެވެ. ފަހެ، މިއީ އިންސާފުތޯއެވެ. ޢަދާލަތަކީ މިއީތޯއެވެ. ރަނގަޅަށް ޝަފީޢުއަށް އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑު ސަރުކާރުގައި ކުރަމުންގެންދިޔަ މަސައްކަތްތަކަށް ބައްލަވާށެވެ. ޝަފީޢު އަރިހުގައި އަތޮޅުތަކު ތެރެއަށް ދަތުރުތައް ކުރެވިފައި ހުންނާނެއެވެ.
ހޯމް މިނިސްޓްރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ އަހަރެއްގެ މިނިވަން ދުވަހާދިމާކޮށް، އުފައްދާ ޓާސްކްފޯސް ތެރެއިންް ޝަފީޢުއަށް ރަނގަޅަށް ފެނިވަޑައި ގަންނަވާނެއެވެ. އެޓޮލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު އެކުރެއްވި ކަންތަކަކީ، ގާނޫނާއި ގަވާއިދުން ކުރެއްވި އަމަލެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ހަމަކަށަވަރުން ވެސް އަޅުގަނޑާއި ދެއެކުވެރިން ވެގެން ޝަރުޢީކޯޓަށް ވެއްދީ، ގާނޫނު އަސާސީގެ މާއްދާއެއް ވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އާދެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ވަގުތީރައިސްގެ މައްސަލައެވެ. ހ.މީނާޒު ޢަބްދުﷲ ޙަމީދުގެ ޒާތީ މައްސަލައެއް ނޫނެވެ. ޢަބްދުﷲ ޙަމީދަށް ކުރިއެކޭވެސް އެއްގޮތަށް އަޅުގަނޑުގެ އިޙްތިރާމް ބަރާބަރަށް އޮންނާނެއެވެ. ނިކަންވިދާޅުވެ ބައްލަވާށެވެ!
ވެރިކަމުގެ ކަންތައް މިދަނީ ހަމަ، 9 ޖޫން 2004 ގައި އިސްލާމީ މަރްކަޒުގައި ރައީސް މައުމޫނު ވިދާޅުވެދެއްވި އިސްލާޙުތަކާ އެއްގޮތަށްތޯއެވެ؟ ފަހެ، މިރާއްޖޭގެ އިސްލާޙީ ހަރަކާތް ކޮސްމެޓިކް ކުލަވަރަކަށް ނުހައްދަވާށެވެ. ޒީނަތްތެރިކޮށް ދައްކާލާ ދައްކާލުމަކަށް ނުހައްދަވާށެވެ. އަޑިނޭންގޭ ތަމްސީލުތައް ކުޅުއްވަން ނުހައްދަވާށެވެ. ހަގީގަތް ހާމަކޮށް ދެއްވާށެވެ. ރަނގަޅު ހަރުދަނާ ރިފޯމަކަށް ވަޑައިގަން ނަވާށެވެ. މިގައުމަށް ސިޔާސީގޮތުން އިސްލާޙު ގެނެވޭނީ އޭރުންނެވެ. އަދި އެންމެހާ ކަންތައް އިސްލާޙުވާނީ ވެސް އޭރުންނެވެ.
ރައީސް މައުމޫނަކީ އިލާހުވަންތަ ކަލާނގެކަމަށް ނުބައްލަވާށެވެ. މާތްއަޚްލާޤަކީ އެދަރަޖައަށް އިންސާނުން އުފުލާލުމެއް ނޫނެވެ. ފަހެ، ރައީސް މައުމޫނަކީ ރައްޔިތުންގެ ޚާދިމްމީހާއެވެ. މާތްއަޚްލާޤަކީ އިންސާނީ ވަންތަކަން ދެމެހެއްޓުމެވެ. އަދި މާތްއަޚްލާޤަކީ އެންމެ ބާރުގަދަ ހަތިޔާރެވެ. އިންސާނީ ހިތްތައް ފަތަޙަކޮށްދޭ ހަތިޔާރެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ޙާލާމެދު އިންސާނީވަންތަ ނަޒަރަކުން ބައްލަވާށެވެ. ހިތްތިރި ކުރައްވާށެވެ.
އަޅުގަނޑު މެންނަކީ ދިވެހިދައުލާތާ ދެކޮޅަށްނުކުތް ބާޣީންނަށް ނުހައްދަވާށެވެ. އަޅުގަނޑު މެންނަކީ ކެރިގެންނުކުތް މިގައުމުގެ ކެރޭ ސިޔާސީ ލީޑަރުންނެވެ. މިދައްކަނީ ގައުމުގެ ވާހަކައެވެ. ފެންފޮދެއްނުދީ އަނިޔާވެރިކޮށް ކަތިލާލަން ނުހައްދަވާށެވެ. މިގޮޅިތަކުތެރޭގައި ހޫނުމިން ހުރިމިންވަރު، މިހާރު ތިޔަބޭފުޅުންނަށް އިހްސާސް ކުރެއްވޭނެއެވެ. އަމިއްލަފުޅަށް ތަޖްރިބާ ކުރެއްވޭނެއެވެ. ތަންކޮޅެއް ގިނައިރު ވާހަކައިގާ މިނަގަނީ އެހެންވެއެވެ. މިހޫނުކަން އަންގާލުމަށެވެ. މިފަދަ ހޫނުގައި އިންސާނުން ދުވާލުދާ ހަތަރުދަމު ބައިތިއްބުމަކީ އަލިފާނުން އަނިޔާދެއްކުން މަކުގައި ދެންނެވީމެވެ. ހޫނުގަދަކަމުގެ ވާހަކަތައް ދެންނެވުމުން މިބޭފުޅުން ފަންކާއެއްގެ ކަންތައް ހަމަޖައްސައި ދެއްވާނެވާހަކަ ވަގުތުން ވިދާޅުވިއެވެ. އަދި ހަމަމިއަދު ތިކަމާ އުޅެދޭނަމޭ ވިދާޅުވިއެވެ.
ދަންނަވަން ތޯއެވެ! އަދިވެސް އަޅުގަނޑު މިހުރީ، ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން، 100% އަނިޔާއާއި ޓޯޗާގައެވެ. ހިތަށާއި ސިކުނޑިއަށް ލިބެމުންދާ އަނިޔާތަށް އިންތިހާއަށް ބޮޑުވެފައި ވޭންދެނިވިއެވެ. މިކަންތަކުގެ ޒިންމާއުފުލާނީ ކާކުތޯއެވެ؟ އަޅުގަނޑުގެ ލޮބުވެތި މަންމައާއި ބައްޕަތޯއެވެ؟ ފެންނަން މިތިބި ސިފައިންތޯއެވެ؟ ނުވަތަ މިތިބި ގާޑުންތޯއެވެ؟ އަސަރުން ފުރިގެންވާ މިވާހަކަތައް އަޅުގަނޑުގެ ފަރާތުން ރައީސް މައުމޫނު އަރިހަށާއި ކެބިނެޓަށް އިއްވައި ދެއްވާށެވެ.
އަދި ރައްޔިތުންގެ ދެމަޖިލީހަށް މިވާހަކަތައް އިއްވައި ދެއްވުމަކީ ތިޔަދެބޭފުޅުންގެ ބޮލުގައި އަޅުގަނޑު އަޅުވާ ބޮޑުޒިންމާއެކެވެ. އަދި މިއީ އަޅުގަނޑުގެ އާދޭހާއި އިލްތިމާސެވެ. ދެންއޮތީ ތިޔަދެބޭފުޅުން މާލެ ވަޑައިގެން ޓީވީއާއި ރޭޑިޔޯ މެދުވެރިކޮށް މުޅިދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ދައްކަވާނެ ވާހަކަފުޅު ތަކުގައި ހުންނާނެ އޮއްޓަރަކަށާއި ބުރަދަނަކަށް ބަލައިލުމެވެ. އެކަންތައް ތިޔައިއްޒަތްތެރިން އިންސާފުގެ ތިލަފަތުން ވަޒަން ކުރެއްވުމަކީ އަޅުގަނޑުގެ އެންމެމުހިންމު އެދުމެވެ. މިހާހިސާބުން އަޅުގަނޑާ ސަލާމް ކުރެއްވުމަށް ފަހު، މިބޭފުޅުން ގޮޅިން ނުކުންނެވީއެވެ.
އާދެ! އޭކޭ އަކީ، ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓެކެވެ. މިއީ އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރާ ގޮތެވެ. މިދެބޭފުޅުން އަޅުގަނޑުމެންނާ ބައްދަލު ކުރެއްވުމުގެ ނަތީޖާއަކަށްވީ، ކުޑަގޮޅީގައި ހައްޔަރު ކުރެވިފައި ތިއްބެވި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް އެނބުރޭފަންކާ ލިބުމެވެ. އެހެންގައިދީން މިކަމުން މަޙްރޫމް ކުރިއެވެ.
މިއަދުގެ ހޫނުގަދަކަމުން މިބޭފުޅުން ތިއްބެވީ، ކުޑަރުމާލުން އަބަދާއަބަދުހެން މޫނުން ދާފޮދު ފޮއްސަވާށެވެ. ނަސީބަކުން ދިމާވީ ވެސް ހޫނުގަދަ ދުވަހަކަށެވެ. ފަންކާގެ ވާހަކަދައްކަން ހަނދާންވީ އެބޭފުޅުން ކިބައިން މިމަންޒަރު ފެނިފައެވެ. އާދެ، ފަންކާއެއްގެ ރަހްމަތާއި ޚިދުމަތް މިލިބުނީ، މިއަދަކީ ހޫނުދުވަހަކަށް ވިތީއެވެ. ވިއްސާރަ ދުވަހެއްނަމަ، މިކަމެއް ނުވީސްކަން ކަށަވަރެވެ.
ފަހުން އެނގުނު ގޮތުގައި ރައީސް އޮފީހުން މިބޭފުޅުންގެ ދަތުރާގުޅޭގޮތުން ނެރުއްވި ބަޔާނުގައިވަނީ މިފަދައިންނެވެ:
“އިސްމާޢީލް ޝަފީޢުއާއި ޢަބްދުﷲ ކަމާލުއްދީން ޚާއްސަމަޖިލީހުގެ، 7 މެމްބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި އެބޭފުޅުންގެ ހާލުކޮޅު ބެއްލެވިކަމަށް ރައީސްގެ އަރިހުގައި ދެންނެވިއެވެ. އަދި އެބޭފުޅުންނަށް ލިބިވަޑައި ގަންނަވާ ޚިދުމަތްތައް ވެސްހުރީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ކަމަށާއި އެއްވެސް ކަހަލަ އަނިޔާއެއް އެބޭފުޅުންނަށް ލިބިވަޑައި ނުގަންނަވާ ކަމަށް އެބޭފުޅުންގެ ވާހަކަފުޅުން އެނގިވަޑައި ގަންނަވާކަމުގައި ރައީސްގެ އަރިހުގައި ދެންނެވިއެވެ. އަދި ހުރިހާ ބޭފުޅުންވެސް ތިއްބެވީ ހެޔޮހާލު ކޮޅުގައި ކަމަށާއި އެބޭފުޅުންނާ ދޭތެރޭގައި ސިފައިންނާއި ފުލުހުންގެ ބޭކަލުންވެސް ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ރަނގަޅަށް ކަމުގައި ވިދާޅުވިއެވެ.”
އަޅުގަނޑުގެ ވާހަކަތަކުން ކަނޑައެޅިގެން މިދެވަޒީރު ބޭފުޅުން މިހެއްދެވީ ދޮގުކަން ސާބިތު ކުރެވޭނެއެވެ. މިއީ ސަރުކާރުން ކުޅުވި ސިޔާސީ ޑްރާމާއެކެވެ. ސިޔާސީ ތަމްސީލެއްގެ މަންޒަރެކެވެ. ދިވެހި ރައްޔިތުންނަށް އޮޅުވާލި ބޮޑު އޮޅުވާލުމެކެވެ. އަދި ބޭރުދުނިޔެއަށް ދައްކާލި ރީތިދަޅައެކެވެ.
18 އޯގަސްޓް 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 6 ވަނަ ދުވަހެވެ. މިއަދަކީ އެއްވެސް ކަމެއް ހިނގި ދުވަހެއް ނޫނެވެ. މެޑިކް ކަންތަކާ ހުންނަވާ އޮފިސަރު ވަޑައިގެން، އަޅުގަނޑުގެ ބީޕީއާއި ޕަލްސް ބެއްޔެވެ. ބީޕީހުރީ، 80/140 ގައެވެ. ޕަލްސް، 63 ގައެވެ. މިއަދު ޚަބަރު ލިބުނު ގޮތުގައި ސަރުކާރުގެ ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޑިރެކްޓަރުން ބޯޑުގެ ޗެއާމަނުންގެ ގޮތުގައާއި ބޯޑު މެމްބަރުންގެ ގޮތުގައި ވަޒީރުން ނުތިއްބަވާ ގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވިއެވެ.
އަދި އެފަދަ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް އަލުން މެމްބަރުން އައްޔަން ކުރެއްވިއެވެ. މިއަދު މިގެނެވުނީ އަޅުގަނޑުމެން އެދެމުންދިޔަ ބަދަލެކެވެ. އަދި ކެބިނެޓަށް ވެސް މިފަދަ ބަދަލު ގެންނެވުމަކީ، އަޅުގަނޑު މެންގެ ގޮވާލުމެކެވެ. ވަޒީރުން ވަކިކުރެއްވުމަށް ފުހު، މިކުންފުނިތަކާ ހަވާލުކުރެއްވީ، މަތީފެންވަރަށް ކިޔަވާވިދާޅު ވެގެން ތިއްބެވި ޒުވާނުންނާއެވެ. އޭގެތެރޭގައި، 5 ޕީއެޗްޑީން ހިމެނެއެވެ.
19 އޯގަސްޓް 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 7 ވަނަ ދުވަހެވެ. މިއަދު ހެދުނު ސަޔަށްފަހު، ކުއްލިއަކަށް އެލެކްޓްރީޝަނެއް އައިސް ގޮޅީގެބޭރުގައި އިންބޮކީގެ ކަރަންޓް ޕޮއިންޓުން، ކަރަންޓް ޕޮއިންޓެއްނަގައި ގޮޅީތެރެއަށް ވެއްދުމަށް ފަހު، ކޭޑީކޭ ކުންފުނީގެ މުޅިންއާ ސްޓޭންޑް އެނބުރޭ ފަންކާއެއް ގެނެސް ގުޅައިދިނެވެ.
މިޚިދުމަތް ލިބުނީ، 2 ނަމްބަރުގައި އޮންނެވި އިބުރާއަށާއި، 9 ނަމްބަރުގައި އޮންނެވި ޑޮކްޓަރ ޙުސައިނަށާއި، 29 ނަމްބަރުގައި އޮންނެވި، ޢަލީފާއިޒަށާއި، 17 ނަމްބަރުގައި ހުރި، އަޅުގަނޑަށެވެ. މިކަންތައް ހަމަޖެހިގެން ދިޔައީ އަޅުގަނޑުގެ އަނގަބޮޑު ކަމުންނާއި މިކަންތައްކޮށް ދެއްވިބޭފުޅުން ޖަލަށް ވަޑައިގެންނެވި ދުވަހަކީ އިންތިހާއަށް ހޫނުދުވަހަކަށް ވީތީއެވެ. މިޚިދުމަތްލިބުނު އެންމެންނަކީ ވެސް މަޖިލީހުގެ މެމްބަރުންނެވެ. ވިއްސާރަ ދުވަސްދުވަހު ފަންކާގެ ބޭނުމެއް ނުވެއެވެ.
މިއަދު ހަވީރު ވަގުތެއްގައި ތަހުގީގަށް ނެރުނެވެ. ތިއްބެވީ، ސްޓާފް ސަރޖެންޓް ޢަލީ އަޙްމަދު، ސނ: 1035 އާއި ކޯޕަރަލް ޢަބްދުﷲ ނަވާޒު، ސނ: 1130 އާއި ކޯޕަރަލް ޢަބްދުﷲ ޝަޠީޙް، ސނ: 1319 މިތިން އޮފިސަރުންނެވެ. މިޓީމުގެ އިތުރުން ދެޕުރައިވެޓް އޮފިސަރުން ކަމުގައިވާ، މުޙައްމަދު ނިޒާމް، ސނ: 1559 އާއި އިބްރާހީމް މުޙައްމަދު، ސނ: 1592 އިންނެވިއެވެ. މިއީ ކާތިބުންނާއި އެހީތެރިންނެވެ. އައްސަވާ ލެއްވީ އެންމެ ވާހަކައެކެވެ. ހާލު ކިހިނެތް ހެއްޔެވެ؟ އޭގެ އިތުރަށް ލޯޔަރެއްގެ ކަންތައް އަދި ހަމައެއްނުޖެހެއޭ ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. ކުރީރޭ އަޅުގަނޑުގެ އިދާރީބައި ވާނީނިންމާފައެވެ. ލޯޔަރް މުޢިޒު މިހާރުވީ ކަމާގުޅޭ ރަސްމީ އިޖުރާއާތުތައް ފުރިހަމަ ކޮށްފައެވެ. ވަރަށް އަވަހަސް ހަމަޖެހޭނެ ކަމުގެ އުންމީދު ކުރަމެވެ. އަޅުގަނޑަށް އެއްވެސް އެއްޗެއްގައި ސޮއިކޮށް އިތުރު ވާހަކައެއް ދެއްކޭނީ، މުޢިޒުގެ ހާޒިރުގައެވެ. ދެން މިހާހިސާބުން ނިންމާލައްވާފައި ގޮޅިއަށްލާ ތަޅުލީއެވެ.
ޚަބަރު ލިބުނު ގޮތުގައި މިއަދު ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ފަހު، 17 މީހަކު ދޫކޮށްލައިފި ކަމަށް ފުލުސް އޮފީހުން ހާމަކުރިއެވެ.
20 އޯގަސްޓް 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 8 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަ ކަމެއް ނުހިނގައެވެ. ހުސްކޮށް އާދައިގެ މަތިން ދިޔަދުވަހެކެވެ.
21 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 9 ވަނަ ދުވަހެވެ. ރޭގެވަގުތެއްގައި ފެންނަ ހުވަފެނަކީ ދަތުރުހަދައިގެން ތަނަކަށް ފުރަންވެގެން އުޅެއުޅެވެސް ފުރޭގޮތް ނުވެގެންއުޅޭ މަންޒަރެވެ. މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ އަދި މިކަމުގައި ދުވަސްގަނޑަކު ހައްޔަރުގައި ހުންނަން ޖެހޭނެކަމެވެ. އަދި ދަނީ ތަހުގީގުގެ ކަންތައް ބޮޑުވެ އިތުރުވަމުން ކަމަށެވެ.
މިއަދުގެ ޚަބަރުތަކަކީ، ހައްޔަރުކުރި މީހުންގެ ތެރެއިން ތަހުގީގަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ފަހު، 20 މީހަކު ދޫކޮށްލި ކަމެވެ. ހައްޔަރުކުރި، 185 މީހުންގެ ތެރެއިން އެހާތަނަށް، 62 މީހަކު ދޫކޮށް ލައިފިކަމަށާއި އޭގެތެރޭގައި، 18 އަހަރުނުފުރޭ، 19 ކުއްޖަކު ހިމެނޭ ކަމަށްވެސް ފުލުންގެ އޮފީހުން ހާމަކުރިއެވެ. އަދި ހައްޔަރުކޮށްފައި ތިބިމީހުންނަށް އަނިޔާކުރާކަމަށް ދެކެވޭވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށް މިއަދު ފުލުސް އޮފީހުން ބޭއްވި ނޫސް ކޮންފަރެންސްގައި އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސް މޭޖާ މުޙައްމަދު ޞާދިޤު ވިދާޅުވިއެވެ.
22 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 10 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ “ފެކްޓު ފައިންޑިންގ މިޝަން” ރާއްޖެ ވަޑައިގަތެވެ.
ހިއުމަންރައިޓުސް ކޮމިޝަން އޮފު ދަ މޯލްޑިވްސް ބޭފުޅުން ޖަލަށް ޒިޔާރަތްކުރުން:
23 އޯގަސްޓް 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 11 ވަނަ ދުވަހެވެ. މިއަދަކީ ޖަލުގެ ހަޔާތުގައި ބޮޑުދުވަހެކެވެ. މިއަދުގެ މެންދުރު ވަގުތެއްގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް ގެ ވަފުދެއް ޖަލުތެރެއަށް ޒިޔާރަތް ކުރެއްވިއެވެ. މިކޮމިޝަން ރައީސް މައުމޫނު އުފެއްދެވީ، 10 ޑިސެންބަރ 2003 ވީހޯމަ ދުވަހުއެވެ. ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމްގެ ޤަރާރަކުންނެވެ. އެކޮމިޝަނުގެ، 9 ބޭފުޅުންގެ ތެރެއިން މިއަދު ޖަލަށް ވަޑައިގަތީ، 4 ބޭޅުންނެވެ. ދެއަންހެން ބޭފުޅުންނާއި ދެފިރިހެން ބޭފުޅުންނެވެ. އެއީ އެކޮމިޝަނުގެ ރައީސް އަލްފާޟިލް އަޙްމަދު މުޖްތަބާއާއި އައްނަބީލް މުޙައްމަދު ވަހީދުއްދީނާއި އަލްފާޟިލާ ޢައިޝަތު ޢަލީނާޒު، ހ.ސީސައިޑް އާއި ޑޮކްޓަރ ފާތިމަތު ޝަފްޤާ، މ.ނިޔަދުރުމާގެއެވެ. ޝަފްޤާއަކީ މެޑިކަލް ޑޮކްޓަރެކެވެ.
މި، 4 ބޭފުޅުން ޖަލަށް ވަޑައިގެން ގޮޅިތައް ކުރިމަތިން ހިންގަވައި ހެއްދެވިއެވެ. އަދި ބައެއް ކުށްވެރިންނާއި ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް މުޖްތަބާއެވެ. މިބޭފުޅުން ޖަލުތެރެއަށް ވެންނެވީއްސުރެ ހުރިހާ ހަރަކާތެއް ސިފައިން މޫވީކުރަމުން ގެންދިޔައެވެ. ގައިދީންނާ ބައްދަކުކޮށް ދައްކަވަމުން ގެންދެވި ވާހަކަތަކާ އެކުގައެވެ.
އަޅުގަނޑު ހައްޔަރުކޮށް ފައިހުރިި، 17 ނަމްބަރު ގޮޅިއާ އަރާހަމަވުމުން އެބޭފުޅުންނަށް އަޅުގަނޑު ދަންނަވައި ފީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތްކޮށް ޖަނަވާރުތަކަށް ވޭވްކޮށް ލައްވާހެން، ހަމައެކަނި ވޭވްކޮށް ސަލާމްކޮށް ލައްވާފައި ވަޑައިގަންނަވައި ގެންނުވާނެއެވެ. މިއީ ކުޑަގޮޅި ތަކެއްގައި ބަންދުކޮށް ފައިތިބި ރާމާމަކުނު ތަކެއްނޫނެވެ. ބުއްދިއާއި ވިސްނުން ލައްވާފައިވާ އެންމެމާތް މަޚްލޫޤުން ކަމުގައިވާ އިންސާނުންނެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ދިވެހި ރައްޔިތުން އިންތިޚާބު ކޮށްފައިވާ އިއްޒަތްތެރި މެމްބަރުންނެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ.
ދެން، ގޮޅީގެދޮރު ސިފައިން ހުޅުވުމުން ވަހީދުއްދީން ގޮޅިތެރެއަށް ވެންނެވިއެވެ. މުޖްތަބާއާއި ދެއަންހެން ބޭފުޅުން ތިއްބެވީ ގޮޅީގެ ދޮރުމަތީގައި އޮޅިގަނޑަށްއޮތް ތަޅުންކޮޅު މަތީގައި ދޮރުން ބޭރުގައެވެ. އެންމެންވެސް ތިއްބެވީ ކޮޅަށެވެ. އަޅުގަނޑު ވާހަކަފެށީއްސުރެ ނިންމާލަންދެން ސިފައިން މޫވީކުރަމުން ގެންދިޔައެވެ. ގޮޅިންބޭރުގައި ތިބެގެން ތޭރިހުންނަ ކުޑަދޮރުގެ ތޭރިތަކުން މޫވީކުރަމުން ގެންދާތަން އަޅުގަނޑަށް ރީތިކޮށް ފެނެއެވެ.
މިކަން މިކުރަނީ ރައީސް މައުމޫނު އުފައްދަވާފައިވާ ކޮމެޓީގެ މެމްބަރުން ކަމުގައިވާ، ޑޮކްޓަރ ޝައުޤީއަށާއި ޑޮކްޓަރ ޙަސަން ސަޢީދަށް ދެއްކުމަށް ކަމަށްލަފާ ކުރެވެއެވެ. އަޅުގަނޑު، ޢަބްދުﷲ ކަމާލުއްދީނަށާއި އިސްމާޢީލް ޝަފީޢުއަށް ހުރިހާ ވާހަކަތަކެއް ކިޔައިދިން ފަދައިން މިބޭފުޅުންނަށް ވެސް އަކުރުން އަކުރަށް ކިޔައިދިނީމެވެ. ޑީންއާއި މުޖްޠަބާ މިވާހަކަތައް ވަރަށް ރަނގަޅަށް އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ.
“13 ވީހުކުރު ދުވަހު، އަޅުގަނޑުގެ ޙުރުމަތްތެރި ވެގެންވާ އަމިއްލަގޭގައި އަންހެނުންނާއި ތުއްތުދެދަރިން ކައިރީގައި ޓީވީބަލަން އިންދާ ނެރެގެން ސިފައިންގެ މައިމަރުކަޒަށް ގެނެސް ކަނުބަނދެފައި ހަތަރެއްފައިގައި ބިޑިއަޅުވާފައި ތަޅާއި ކުރިމަތިންނާއި ފަހަތުން ކޮށްޕާއިގަޅުވާއި ވިކާހަދާއި ރަނގަޅަށް އަނިޔާކުރުމަށް ފަހު، ދެން އަނދުން އަޅުވާއި ފުށްޖައްސުވާއި ބޭސްކޮށްދީ ފިރުމާ ހެއްދެވިއަސް އަޅުގަނޑު މެންގެހާލު ރަނގަޅެއް ނުވާނޭ ދެންނެވީމެވެ.
މިގޮތަށް މިޙާލުގައި ޖެއްސުމަށް ފަހު، ކޮންމެބޭފުޅަކު ވެސް ވަޑައިގެން ޙާލުތިޔަ އައްސަވަނީ މަލާމާތް ކުރައްވަން ތޯއެވެ؟ ޖެއްސުން ކުރައްވަން ތޯއެވެ؟ އަޅުގަނޑު ރުޅިނާންނަ ކަމަށްޓަކައި ޝުކުރު ކުރައްވާށެވެ! އަޅުގަނޑު މިހުންނަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ޓޯޗާގައި ކަމަށް ދެންނެވީމެވެ. އިހައްދުވަހު މިގޮޅިއަށް ރައީސް މައުމޫނުގެ ދެވަޒީރަކު ވަޑައިގެން ވެސް ތިޔަވާހަކަތައް ތިޔަބީދައިން މަލާމާތުގެރާގަށް ދެއްކެވިއެވެ.
ފަހެ، އައްސަވާށެވެ! ދަންނަވަން ތޯއެވެ! ތިޔަގޮތަށް މަލާމާތްކޮށް ޖެއްސުން ނުކުރައްވާށެވެ! މިއީ މަހާއި ކައްޓާއި ލެއިން ހަދައްވަފާފައިވާ އިންސާނުންނެވެ. ޖަނަވާރުތަކެއް ނޫނެވެ. ތިޔައީ ހަމަ، ކޮސްމެޓިކް ދަޅަތަކެވެ. ބޭރުދުނިޔެއަށް ދެއްކުމަށް އަޅުވާ އަނދުނެކެވެ. ހަގީގަތުގައި ވެސް ރިފޯމް ގެންނަވަނީކީ ނޫނެވެ. އިސްލާޙޭ، ރިފޯމޭ ކިޔުއްވައިގެން ރާއްޖޭގެ ކުރިމަގަށް ސިޔާސީގޮތުން ނުކުންނަންތިބި ސިޔާސީލީޑަރުން ތަކަށް ހޭއަރުވާ ލައްވަނީއެވެ. ތިޔައީ ރާއްވަވައިގެން ކުރައްވާ ޒާތީކަން ކަމެކެވެ. ރައީސް މައުމޫނު އަންގަވާ ގޮތަކަށް ތިޔަބޭފުޅުން ދައްކަވާ ރީތިދަޅައެކެވެ.
އަޅުގަނޑު މިހާރުވެސް މިހުރީ ބޮޑުވެގެންވާ އަނިޔާގައެވެ. ހިތަށާއި ސިކުނޑިއަށް ލިބެމުންދާ އަނިޔާބޮޑެވެ. ނިކަން ބައްލަވާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގައި ވިސްނުން ތަފާތުވެ، ޚިޔާލުތަފާތު ވުމާގުޅިގެން ހިނގި ދެބަސްވުމެއްގައި އަޅުގަނޑު މިހުރީ ކުޑަގޮޅިއަށްލާއި އެންމެބޮޑު އަސާސީޙައްޤުން މުޅިން މަޙްރޫމް ކޮށްލާފައެވެ. އަޅުގަނޑަށް އާމްދަނީ ލިބެމުންދިޔަ ސަރުކާރުގެ ވަޒީފާއިން އެއްވެސް ޙައްޤަކާ ނުލައި ވަކިކޮށް ނިކަމެތިކޮށް ލާފައެވެ. ކުޑަދެދަރިންނާއި އަނބިމީހާ ވީނުވީތަނެއް، ތިބީކޮށް ޙާލެއްގައި ކަމެއްނޭނގެއެވެ.
އެމީހުންނަށް ކާންބޯން ދިނުމަށްވަނީ ހުރަސް އަޅާފައެވެ. އެމީހުންގެ ހައްގުތައް ކޮބައިތޯއެވެ؟ އިންސާނިއްޔަތަކީ މިއީތޯއެވެ؟ މިނިސްޓްރީ އޮފް އެޓޮލްސް އިން، ރައީސް އޮފީހަށް ލިޔެގެން އެއޮފީހުންވަނީ، މިމަހު އަށްވަނަ ދުވަހު އަޅުގަނޑަށް ނޯޓިސް ދެއްވައިގެން، ވަރަށްރީތިކޮށް ވަޒީފާއިން ވަކިކޮށްލާފައެވެ. ވަޒީފާއިން ވަކިކުރިކަމުގެ ޗިޓްފޮނުވީ ޖަލަށެވެ.
ފަހެ، މިއީ އިންސާނިއްޔަތު ތޯއެވެ؟ އަދި ޢަދުލް އިންޞާފު ތޯއެވެ؟ ތިޔަބޭފުޅުން ބުނެދެއްވަ ބައްލަވާށެވެ! އިޖްތިމާޢީ ޢަދާލަތަކީ މިއީތޯއެވެ؟ ރިފޯމްކޮށް އިސްލާޙު ކުރުމަކީ މިއީތޯއެވެ؟ ނުވަތަ މިއީ ޒާތީޙަސަދައެއް ފިލުވާލެއްވުން ތޯއެވެ؟ މިނިސްޓަރަކު ޒާތީގޮތުން ކޯފާވެގެން ރައީސް މައުމޫނު އަރިހަށް ލިޔުއްވުމުން ނިކަމެތި އިންސާނުންނަށް ހައްދަވަމުން މިގެންދަނީ، ކިހިނެއްކަން ތިޔަ ކޮމިޝަނުން ވިދާޅުވެދެއްވަ ބައްލަވާށެވެ! ނޫނީމިއީ ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބުނާގޮތްތޯއެވެ؟ ނިކަން މުޖްތަބާއާއި ޑީން ވިދާޅުވެދެއްވަ ބައްލަވާށެވެ! އިންސާނީ ޙައްޤުތަކަކީ މިއީތޯއެވެ؟
އަޅުގަނޑު ކަނުބަނދެފައި އަނިޔާކުރި މައްސަލައާއި ޒާތީޙަސަދައަކާ ގުޅިގެން، ސަރުކާރުގެ ވަޒީފައިން ވަކިކޮށް އެއްލާލި މައްސަލަ ތިޔަކޮމިޝަނުން ރަސްމީ ސިފައެއްގައި ބައްލަވައި ދެއްވަން ޖެހޭނެއެވެ. ޖަލުގެ ކުޑަގޮޅީގައި އިނދެގެން ރަސްމީކޮށް މިހުށަހެޅީއެވެ. މިފަދަ ކަންތައް ބަލައިނުދެވެންޏާ ތިޔަކޮމިޝަނަކީ ރައީސް މައުމޫނު ރައިޓްސް ކޮމިޝަނެވެ.
ވެރިމީހާ ޙިމާޔަތްކޮށްދީ އޭނާގެ ޙައްޤުތައް ދިފާޢުކޮށް ދަމަހައްޓައިދޭ ކޮމިޝަނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނެއް ނޫނެވެ. މިމޭރުމުން އެއްޗެތި ކިޔަކިޔާހުއްޓާ ޑީން ގޮޅިން ނުކުންނެވުމުން، ސަލާން ގޮވާލައްވާފައި މިބޭފުޅުން ދެންހުރިގޮޅިއާ ދިމާއަށް ވަޑައި ގަތީއެވެ. ތިޔަވާހަކަތައް ނޯޓްކޮށްފީމޭ މުޖްތަބާ ވިދާޅުވިއަޑު އިވުނެވެ. ދެން މިބޭފުޅުންނަށް އަޑުއިވޭވަރަށް ބޮޑުޝުކުރިއްޔާއެއް އަރުވަމޭ ދެންނެވީމެވެ.”
މިހާހިސާބުން މިބޭފުޅުންގެ ޒިޔާތަރް މިއަދަށް ނިމުނީއެވެ. ސިފައިން ދަގަނޑުބޫޓުން ތެޅުމުގެ ސަބަބުން ކަނާތުފައިގައި ފަސޭހަނުވެއިން ފާރުކޮޅު މިބޭފުޅުންނަށް ދައްކާކަށް ހަނދާނެއް ނުވިއެވެ. ކޮނޑުން މަށައިގެން ދިޔަތަން އިނީރަނގަޅުވެ، ކުރަމަގާލި ލާފައެވެ. ކަކުލުގެ ފާރުކޮޅު ދޮސްގަންނަގޮތް ވުމުން ރަނގަޅުނުވެ ލަސްވަނީއެވެ. މިކަމާ ދެރަވީމެވެ. ދެން މެންދުރު ކާލައިގެން އޮށޯވެއޮއްވާ ޖަލުއޮފީހުން އޮފިސަރަކު އައިސް، ބޭރަށް ނުކުމެވޭގޮތަށް ރީތިކޮށް ހެދުންއަޅައިގެން ތިނެއްޖަހާ އިރަށް ތައްޔާރުވެގެން ހުރުމަށް އެންގިއެވެ.
އީޔޫވަފުދުގެ ޓީމާއި ބައްދަލުކުރުން:
ކީއްކުރަންތޯ ސުވާލުކުރުމުން ދޮގުހަދަންނޫޅެ، އޭނާބުނެދިނީ، އިއްޔެ ރާއްޖެއަށް އައި އީޔޫގެ ޓީމަކުން ތިބޭފުޅުންނާ ބައްދަލުކުރަނީއެވެ. މިޚަބަރު ލިބުމުން ވަރަށް އުފާވިއެވެ. މިއީ އޮފިސަރުގެ ރަނގަޅުކަމުން ދެއްވި ޚަބަރެކެވެ. ދައްކާނެ ވާހަކަތައް ހިތުތެރޭގައި ރާވާއިގެން ގެންގުޅެން ފަށައިފީމެވެ. އަދި ތިނެއްގެ އިންތިޒާރުގައި ގަޑިބަލަބަލާ ހުރިހުރުމުގައި މެެމްބަރުން ގޮޅިތަކުންނެރެ އަދި ވައްދާތަން ކޮންމެވެސް ވަރަކަށް ފެނެއެވެ. އަޅުގަނޑަށް ހަމަޖެހިފައި އޮތީތިނެއް ޖަހާއިރަށެވެ.
ބަރާބަރު ތިނެއްޖެހިތަނާ އަޅުގަނޑުބަލާ އަތުވެއްޖެއެވެ. އަޅުގަނޑު ގެންދިޔައީ ދޫނިދޫޖަލުގެ އުނދޯލިގެއަށެވެ. އެތާގައި ތައްޔާރު ކޮށްފައިވަނީ ބޮޑުބައްދަލު ވުމެކެވެ. އީޔޫގެ ފަރާތުން ފޮނުއްވި ޙަޤީޤަތްހޯދާއި ދިރާސާކޮށްބަލާ ޓީމެކެވެ. އަޅުގަނޑު އުނދޯލިގެއަށް ގެނައިއިރު މިބޭފުޅުން ތިއްބެވީ ތައްޔާރަށެވެ. އަޅުގަނޑަށް ހުރިގޮނޑި ހުސްކޮށް ހުއްޓެވެ. އީޔޫން ވަޑައިގެން ތިއްބެވީ ދެއަންހެނުންނާއި ތިން ފިރިހެނުންނެވެ. 5 ބޭކަލުންގެ މަތީފެންވަރުގެ ބޮޑުޓީމެކެވެ.
އިސްވެރިއަކަށް އިންނެވީ ފިރިހެން ބޭފުޅެކެވެ. ސިފައިންގެ ފަރާތުން އިންނެވީ، ޢަބްދުﷲ ރިޔާޒެވެ. ލޭޑީ އިބްރާހީމް މަނިކު ތަންކޮޅެއް ދުރުގައި ބައްލަވަން ހުންނެވީއެވެ. ފޮރިން މިނިސްޓްރީން އިންނެވީ އެމިނިސްޓްރީގެ ސީނިއަރ ބޭފުޅެއް ކަމުގައިވާ، އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާއެވެ. ދެން އަޅުގަނޑެވެ. އަޅުގަނޑަށްހުރި ގޮނޑީގައި އިށީނުމުގެ ކުރިން އީޔޫން ވަޑައިގެން ތިއްބެވި އިއްޒަތްތެރިންނާ ސަލާމްކޮށް ހެދުމަށް ފަހު، އަޅުގަނޑަށް ހަމަޖެހިފައިހުރި ގޮނޑީގައި އިށީނދެފައި، އަޅުގަނޑު ދެންނެވީ މިބައްދަލު މުވުމުގައި އަޅުގަނޑު ބޭނުންވަނީ، ފޮރިން މިނިސްޓްރީން ވަޑައިގެން އިންނެވި ޢަބްދުލްޙަމީދު ޒަކަރިއްޔާ، އަޅުގަނޑު ދަންކަމުން ގެންދާ ވާހަކަތައް އީޔޫގެ ވަފުދަށް ތަރުޖަމާ ކޮށްދޭގޮތަށް ހަމަޖެއްސުމަށެވެ.
މިގޮތަށް އެންމެން ގަބޫލްވެ ހަމަޖެހުމުން އަޅުގަނޑު ފެއްޓީ ދިވެހިބަހުންނެވެ. ޢަބްދުލްޙަމީދު ޒަކަރިއްޔާ ވަރަށް ފުރިހަމައަށް އަޅުގަނޑު ހިތްހަޖެހޭގޮތަށް ތަރުޖަމާކޮށް ދެއްވަމުން ގެންދެވިއެވެ. އެއްވެސް އުނިއިތުރެއް ނުގެންގުޅުއްވާކަން އަޅުގަނޑު ގަބޫލުކުރީމެވެ. އޭނާ މިކަންކޮށް ދެއްވިލެއް ރަނގަޅުކަމުން މިފުރުސަތުގައި އެބޭފުޅާއަށް ޝުކުރުވެރިވަމެވެ. އަޅުގަނޑު ދެންނެވި ވާހަކަތަކަކީ މިއެވެ.
“ތަޢާރުފް ވުމުގެ ގޮތުން ދަންނަވަމެވެ. އަޅުގަނޑަކީ އދ.އަތޮޅުގެ ރައްޔިތުން، ރައްޔިތުންގެ ޚާއްސަ މަޖިލީހަށް ހޮވާފައިވާ އެއަތޮޅު ރައްޔިތުންގެ އިއްޒަތްތެރި މެމްބަރެވެ. އެއަތޮޅުގައި މީހުން ދިރިއުޅޭ، 10 ރަށްއޮތްއިރު ކޮންމެރަށަކުން ވަރަށްމަތީ އަޣްލަބިއްޔަތެއް ލިބުނުމީހެކެވެ. ބައެއްރަށްރަށުން ވޯޓުލެއްވި އެންމެންގެ ވޯޓުލިބިގެން ހޮވިފައިވާ އެމީހުން ލޯބިވާ، އަދި އެމީހުންގެ ޙައްޤުތަކަށް މަޤްބޫލް ގޮތެއްގައި މަސައްކަތްކުރާ ސިޔާސީ ލީޑަރެކެވެ.
ދަންނަވަންތޯއެވެ! މިމަހު، 13 ވީހުކުރު ދުވަހު، އިރުއޮއްސި ހަތެއްޖެހި ފަހުން، ގާނޫނުއަސާސީން ޙުރުމަތްތެރިކަން ލިބިފައިވާ އަޅުގަނޑުގެ އަމިއްލަގޭގައި ތުއްތު ދެކުދިންނާއި އަންހެނުންނާއެކު ޓީވީން، ބީބީސީގެ ސައުތްއޭޝިޔާ ޕުރޯގްރާމްގައި ކަޅުހުކުރާ ގުޅިގެން ގެނެސްދިން ވާހަކަތައް ބަލަން އިންދައި، ސިފައިންގެ، 5 ބޭކަލުން ޖީޕެއްގައި އަޅުގަނޑު، ގެއިންނެރެގެން ސިފައިންގެ މައިމަރުކަޒަށް ގެންގޮސް ވެއްދީ ވަރަށް އަނިޔާވެރި ގޮތަކަށެވެ.
ސިފައިންގެ ޖީޕުން ބޭލުމަށްފަހު، ކަޅުފޮތި ގަނޑަކުން ކަނުބަނދެފައި ދެއަތް ފުރަގަހަށްލާއި ބިޑިއެޅުވުމަށް ފަހު، ދެފައި ކަށިމަތީގައާއި މޭމަތީގައި ފުރަގަހުންނާއި ކުރިމަތިން، ރަނގަޅަށް ތަޅާއިވިކާއި ކޮށްޕާއި ގަޅުވާލާ ހަދަމުން ގެންގޮސް ސިފައިންގެ ހެޑްކުއޯޓަޒަށް ވައްދައި އެތާތެރޭގައި ވެސް މިފަދަ އަނިޔާތައް ކުރިއެވެ. ގެންދިޔަ މަގުމަތީގައި ހަޑިހުތުރު ބަހުރުވައިން އައުގުރާނަތައް ގޮވާހެދިއެވެ. މިނިސްޓަރުންގެ އިސްތިޢުފާއަށް ބަރާށް ގޮވާށޭ ބުނާ ކޮންމެފަހަރަކު ބުރަކަށީގައި އެތިފަހަރެއް އަޅުވާލައެވެ.
އަޅުގަނޑުގެ ކަނާއަތު ފައިގައާއި ކޮނޑުގައި މިހާރުވެސް ފެންނަން މިހިރީ އެދުވަހުގެ އަނިޔާތަކުގެ އަސަރުތަކެވެ. ތިޔަބޭފުޅުން ރީތިކޮށް ބައްލަވާށެވެ. ފައިގެފާރުކޮޅު މީނދީދޮސް ގަނެގެން ނުބައިވެފައެވެ. ނުހިކިއެވެ. ފާރުވެފައެވެ. ރަނގަޅަށް ބައްލަވާށޭ ދަންނަވާއި އެބޭފުޅުންނަށް ދެއްކީމެވެ. މިޙާލަތުގައި ހުއްޓައި އަތުގައި ފީބާއަކުން ކުލަކޭއްތިއެވެ. ކަނުމޮހާލުމުން އަޅުގަނޑު އަތުގައި ލިޔެފައި ހުއްޓާފެނުނީ، 140 މިއަކުރުތަކެވެ.
އޭގެމާނައަކީ އަޅުގަނޑަކީ ސަތޭކަސާޅީސް ވަނައަށް ބަންދުކުރެވުނު މީހާއެވެ. އަދި އަތުގައި އެޅުވި ބިޑިބާރުކަމުން ދޫކޮށްދޭން އާދޭސް ކުރަންޖެހުނެވެ. ކަނުބަނދެފައި ހުރުމުން އެއްވެސްތަނެއް ނުފެނެއެވެ. މިކަމުން ސަލާމަތްވީ އަޅުގަނޑު ދަންނަ ސީނިއަރ އޮފިސަރެއްގެއަޑު އަޅުގަނޑަށް އިވުމުން އޭނާއަށް ގޮވާއެތައް ފަހަރަކު އާދޭސްކޮށް މަޖިލީހުގެ މެމްބަރުންނަށް އަނިޔާ ނުކުރުމަށް އެދުމުންނެވެ.
އެރޭހަތަރުދަމު ސިފައިންގެ މައިމަރުކަޒުގައި ގެންގުޅުމަށް ފަހު، ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށް ގެނެސްވެއްދީ ހޮނިހިރު ދުވަހަށް އިރުއަރަން އުޅެނިކޮށެވެ. ދޫނިދޫއަށް ގެނައިފަހުން ޖިސްމާނީ ގޮތުން އަނިޔާއެއް ނުކުރެއެވެ. ތަޅާހަދާފައެއް ނެތެވެ. އޭގެފަހުން މިއަދާ ހަމައަށް އަދި، ކަނުބަނދެ ބިޑިއަޅުވާއި ބޭރުފުށުން އަނިޔާއެއް ކޮށްފައެއް ނެތެވެ. މިހާރުކުރަމުން މިގެންދަނީ، ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން ކުރަމުންގެންދާ އަސަރުން ފުރިގެންވާ، ފިނިއަނިޔާތަކެވެ. ފިނިއަނިޔާތަކުގެ އަސަރު މާގަދައެވެ.
މުޅިއުމުރަށް ހަށިގަނޑުގައި އަށަގެންފައި ހުންނާނެއެވެ. މިއަދު މިތަނަށް ތިޔަބޭފުޅުންނާ ހަމައަށް ނެރެންދެން މިހުންނަނީ ސަތޭކަޕަސެންޓް ޓޯޗާއާއި ބިރުވެރި އަނިޔާތަކުގައެވެ. އަޅުގަނޑަކީ، 1984 ވަނަ އަހަރު ގްރެޖުއޭޓް ވެގެން ރާއްޖެއައިގޮތަށް ރާއްޖޭގެ އިސްލާހީ ހަރަކާތުގައި މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުން ގެންދާ މީހުންނާއެކު ވަރަށް އިސްކޮށް ހަރަކާތްތެރިވެ، ޢަމަލީގޮތުން މަސައްކަތް ކުރަމުން ގެންދާސިޔާސީ ލީޑަރެކެވެ. އެކަން އެމްނެސްޓީ އިންޓަރނޭޝަނަލްގެ، 1990 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ރިޕޯޓުތަކުން އެނގިލައްވާނެއެވެ.
އަދި އަޅުގަނޑަކީ ޕެންއިންޓަނެޝަނަލްގެ ހޮނަރަރީ މެންބަރެކެވެ. ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އަޅުގަނޑުގެ ޚިދުމަތްތައް ބިނާވެފައި އޮންނަނީ ސަރުކާރަށް ޚިދުމަތް ކުރުމާއެކުގައި ސިޔާސީގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ މައްޗަށެވެ. މިބުރުގައި ދޫނިދޫޖަލަށް ގެނެވުނުއިރު އަޅުގަނޑުއިނީ، އަމިއްލަ ގޭގައެވެ. އޭރު ބީބީސީން ފޮނުވަމުން ގެންދިޔަ ރާއްޖޭގެ އިސްލާޙީ ހަރަކާތުގެ އިސްލީޑަރެއް ކަމުގައިވާ އަންނިގެ ޚާއްސަ އިންޓަރވިއޫއެއް ޓީވީން ބަލާށެވެ.
އަޅުގަނޑު އެއިންޓަރވިއޫ ނިމެންދެން ގޭގައި މަޑުކޮށްލަން އެދުމުން އެފުރުސަތުނުދީ ސިފައިންގެ މަރުކަޒަށް ގެނެވުނީއެވެ. އަޅުގަނޑު މެންނަކީ ސިޔާސީ ޖަމާޢަތެއް ސިފައިގައި ގިނަބަޔަކު ގުޅިގެން ދިވެހި ގައުމުގެ ކުރިމަގު، ޒަމާނީ ޑިމޮކްރަސީއަކަށް ބަދަލު ކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން ގެންދާބައެކެވެ. ސިޔާސީ ޕާޓީއެއް ވުޖޫދަށް ގެންނަން މަސައްކަތްކުރާ ބައެކެވެ. އަޅުގަނޑު މެންނާ ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރުވަނީ އެހެންވެގެންނެވެ.
މިއީ ސިޔާސީ ކަންކަމުގައި އަޅުގަނޑު ޖަލަށްލާފައިވާ، 5 ވަނަ ވަހަރެވެ. މިހާރުވެސް މިހުންނަނީ، 8 ފޫޓު، 8 ފޫޓުގެ ކުޑަގޮޅިއެއްގައި ބަންދުކޮށް ފައެވެ. ވާހަކަދެއްކުުމާއި އަނގައިން ބުނުންމުޅިން މަނަލެވެ. ފޯރިއަށްތިބޭ ގާޑުންނާ އަނގައިން ބުނެފިއްޔާ އިތުރު އަދަބުތައް ލިބެއެވެ. އަބަދުވެސް ގޮޅީގައި އޮންނަންޖެހެނީ ބިރުވެރި ޙާލަތުގައެވެ. ބޮޑުބިރެއްގެ ތެރޭގައެވެ. ހިތްހަމަޖެހުމެއް އަމާންކަމެއް ނެތެވެ. އަބަދުވެސް އޮންނަންޖެހެނީ، ދެންވެދާނެ ގޮތަކާމެދު ވިސްނާލަ ވިސްނާލައެވެ.
އަޅުގަނޑު މެންކަހަލަ ސިޔާސީ މީހުން ގެންގުޅެނީ އެންމެ ބޮޑެތިކުށުގެ މުޖްރިމުން ގެންގުޅޭގޮތަށް ބޮޑެތި ކުށްތަޖުގެ އެފަދަ މުޖްރިމުންނާ އެކުގައެވެ. ގޮޅީގައި ވަރަށް އެކަނިވެރިވެފާއި ބިރުވެރިއެވެ. އެއްވެސް އެއްޗެއް ނޯޓުކޮށްލާ ހެދޭކަށް ނޯވެއެވެ. ފަންސޫރެއް ގަލަމެއް، ފޮތެއް ކަރުދާސްކޮޅެއް ނުދެއެވެ. ކިޔާލާނެ ނޫހެއް، މަޖައްލާއެއް، ވާހަކަފޮތެއް އެއްޗެއް ނުދެއެވެ. އަޅުގަނޑުގެ އެންމެ އަސާސީ ޙައްޤުކަމުގައިވާ ތުއްތުތުއްތު ދެކުދިންގެ ޙާލުބަލާލަން ފޯނުކޯލެއް ދިނުމަށް އެދުމުން އެވަރުވެސް ނުކޮށްދިނެވެ. އެދެކުދިންނާއި އަންބިމީހާއަށް ވާނުވާގޮތެއް އަޅުގަނޑަކަށް ނާންގައެވެ. 4 އަހަރު ކުއްޖަކާއި، 2 އަހަރުގެ ތުއްތުކުއްޖަކު އަޅުގަނޑުގެ ހުރެއެވެ.
ބުނެބުނެވެސް އެކުދިންގެ މަންމައާ ގުޅާލައި ފޯނުން ވާހަކަދައްކާ ލުމުގެ ފުރުސަތެއް ނުދިނެވެ. މިވާހަކަތައް އަޑުއައްސަވާފައި މިބޭފުޅުންގެ ތެރޭގައި އިންނެވި އެއްއަންހެނަކު އަޅުގަނޑައި ވަރަށް އަސަރާއެކު ސުވާލު ކުރެއްވިއެވެ. ޢާއިލާއާ އެއްގޮތަކަށް ވެސް ބައްދަލުނުވަނީ ތޯއެވެ؟ ފޯނުކޯލެއް ނުދީގެން އުޅޭއިރު، އެކުދިންނާ ބައްދަލުކޮށް ދޭނެތޯއޭ އަޅުގަނޑު ޖަވާބުގައި ދެންނެވީމެވެ. ޢަބްދުﷲ ރިޔާޒާއި ލޭޑީއާ ދިމާއަށް އަޅުގަނޑުގެ އަތުން އިޝާރާތްކޮށް މިތިއްބެވި ބޭފުޅުން ހައްދަވަނީ މުޅިންވެސް ދޮގޭ ދެންނެވީމެވެ. އުޅެނީ ސިޔާސީމީހުން ކަތިލާއި ދުވަސްދުއްވާ ލާށެވެ. ސިޔާސީ ލީޑަރުން ނެތިކޮށްލާށެވެ. ސިޔާސީޕާޓީއަށް ޖާގަނުދޭށެވެ.
މިހާރު ބުނެފައިއޮތީ މާދަމާގެ ވަގުތެއްގައި އަންހެނުންނާ ބައްދަލުކޮށްދޭނެ ވާހަކައެވެ. އަޅުގަނޑުހިތުން މިވަރުވެސް މިވީ، އިއްޔެ ތިޔަބޭފުޅުން ރާއްޖެވަޑަައިގަތް ފަހުންނެވެ. މިއަދު ހެދުނު ރާއްޖޭގެ ހިއުމަން ރައިޓުސް ކޮމިޝަނުގެ މީހުންވެސް ބައްދަލުވާން އައެވެ. އެއީ ތިޔަބޭފުޅުންނަށް ދައްކާ ދަޅައަކަށެވެ. މާދަމާ ވުމުން ވާގޮތެއް އެނގިދާނެތާއެވެ. އާއިލާ މިހަކު ފެންނާނެ ކަމާމެދު ސުވާލުތައް އެބަހުއްޓެވެ.
އާދެ، އީޔޫގެ ތިހާމަތީ ދަރަޖައިގެ ވަފުދަކައި ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ހައްޔަރުކޮށްފައި އިންދާ އަޅުގަނޑާ ބައްދަލުވީތީ ވަރަށް އުފާކުރަމެވެ. ތިޔަބޭފުޅުންނަށާއި ތިޔަބޭފުޅުންގެ ސަރުކާރުތަކަށް އިންތިހާއަށް ޝުކުރުވެރިވަމެވެ. ތިޔަބޭފުޅުންގެ ޕާލަމެންޓަށް އަޅުގަނޑުގެ އަޑުތައް މިނާމާން އަނދިރިކަމުގެ ޖަލުން ގެންގޮސް ދެއްވުން އެދެމެވެ. އަޅުގަނޑަށް އީޔޫގެ ތިހާމަތީ ފެންވަރުގެ ވަފުދަކާ ބައްދަކު ކުރަންޖެހޭކަން ތަންކޮޅެއް ކުރިން އެންގިނަމަ، އަޅުގަނޑުގެ ޑުރެސް ރަނގަޅުކޮށް ލުމަށް ގެއިން ގަމީހަކާއި އެއްޗެހި ގެނައުމަށް އެދުނީމުހެވެ. އެހެނަސް އެކަހަލަ ކަންތައް އޮންނަނީ މިޖަލުގައި ސިއްރުކޮށް ފައެވެ.
މިތާތިބޭއިރު ދުނިޔޭގައި ވާނުވާއެންގުމަކީ މަނާކަމެކެވެ. އަޅުގަނޑަށް ލައިގެން މިހުރެވުނު ހެދުމާހެދި މަޢާފަށް އެދެމެވެ. ވަރަށްއާދައިގެ ޓީޝާރޓު ގަނޑެއްގައި އިނދެވުނީތީ މަޢާފު ކުރައްވާށެވެ. މިޖަލުގައި ޚާއްސަޖަލުހެދުމެއް ނުގެންގުޅެއެވެ. ހެދުންތަކެތި ބުނެގެން ގެންނަންޖެހެނީ ގެއިންނެވެ. ވަފުދުގައި އިސްކޮށް އިންނެވި ބޭފުޅާ އެއީއެއްވެސް މައްސަލައެއް ނޫނޭ ވިދާޅުވެފައި އެއްސެވީ ކަސްރަތު ކުރެވޭތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ނޫނެކެވެ. ކަސްރަތުކުރާކަށް ނުނެރެއެވެ.
ގޮޅީތެރޭގައި ކަސްރަތުކުރާނެ ޖާގައެއް ނޯވެއެވެ. އެންމެ އަސާސީ ޙައްޤުކަމުގައިވާ އަޅުކަންކޮށް، ނަމާދުކޮށްލެވޭނެ ޖާގަވެސް ގޮޅިތެރޭގައި ނޯވެއެވެ. ތިޔަބޭފުޅުން ގޮޅިތަކަށް ވަޑައިގެން ބެއްލެވުން އެދެމެވެ. މިއަދު ހެދުނު މިޖަލުގެ ގޮޅިތަކަށް، ރާއްޖޭގައި އަލަށް އުފެއްދެވި، މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ބައްލަވާލައްވަން ވަޑައިގަތެވެ. އަޅުގަނޑަށް ހީވަނީ، އިއްޔެ ތިޔަބޭފުޅުން ރާއްޖެ ވަޑައިގަތުމުން، އަވަސް އަރުވާލައްވާފައި ތިޔަބޭފުޅުންގެ ކުރިން މިތަނަށް އެކޮމިޝަނުން ޒިޔާރަތް ކުރެއްވީހެނެވެ. އެބޭފުޅުންނަށް ޖަލުގެ ގޮޅިތަކަށް ވެންނެވުނެވެ. ސިފައިންގެ ހުއްދައޮތެވެ.
އަޅުގަނޑު ދެކޭގޮތުގައި ތިޔަބޭފުޅުން، މިއަނިޔާވެރި ގޮޅިތަކަށް ވެންނެވުން ބުއްދިވެރިވެފައި ރަނގަޅުވާނެއެވެ. އަޅުގަނޑުމެން ހައްޔަރުކޮށްފައި ތިބޭގޮޅިތަކަށް ތިޔަބޭފުޅުން ވަންނަވަން އެދޭށެވެ. އޭރުން ސިފައިންނަށް ޖެހޭނީ އެހުއްދަ ދެއްވާށެވެ. ހުޅުވިފައި ހުންނަ ކުޑަކުޑަތަންކޮޅެއް މީހަކަށް ވަދެވޭވަރަށް ގޮޅިތެރޭގައި ހަދާފައި ހުރެއެވެ. އެއިފާޚާނާ ކުރުމަށް ހުންނަތަނެވެ. ދޮރުފަތް ނުހުންނާތީ އެތަނުން، ގޮޅިތެރެއަށް ނުބައިވަސްގަނޑު އަރައެވެ. ކިތަންމެވަރަކަށް ސާފުކުރިއަސް ފެންއިސްކުރުގައި ތަޣައްޔަރުވެފައި ހުންނަ ލޮނުފެން ހުންނާތީ ނުބައިވަސްގަނޑު އަބަދުވެސް ދުވާފައި ހުރެއެވެ. ސާފުކޮށް ނޭވާލާން ހުރަސްއެޅެއެވެ.
ކަސްރަތުކޮށް ނަމާދުކޮށް ހަދަންބޭނުމިއްޔާ އެކަންކުރަން ޖެހޭނީ، ނިދަންއޮންނަ ގޮދަޑިމަތީގައި ކޮޅަށް ހުރެގެންނެވެ. ގޮޅީގައި ވައިދައުރުވާލެއް ވަރަށްދަށެވެ. ބައެއްފަހަރު ނޭވާހާސްވާގޮތް ވެއެވެ. ފެންވަރަން ހުންނަނީ ހިލައިގެ ދުވަސްވަރު ފެންވަރާ އުޅުޅުނު ގޮތަށެވެ. ބާލިދީގަނޑަކުން ފެންނަގައިގެން ކުޑަޖަގަކުން ބޮލަށް ފެންއަޅާ ގޮތަށެވެ. ފެންވަރަން ޖެހެނީ ނުބައިވަސްދުވާ ފެނުންނެވެ. ގަޟާޙާއްޖާކުރަން ހުސް އުސްތައްޓެއް ބަހައްޓާފައި ހުރެއެވެ. ޖެހެނީ ބާލިދީން ފެންއަޅާށެވެ. ނުބައިވަސް ދުވައެވެ.
ދުވާލަކަށްދެނީ، 15 ލިޓަރުހަމެއްގެ ރީތިފެނެވެ. ފެންވަރާ ހުރިހާކަމެއް ކުރަންޖެހެނީ އެފެންފޮދުންނެވެ. ފެންވަރާ ނިމޭއިރަށް އެފެންފޮދު ހުސްވާނެއެވެ. ދެން ޖެހޭނީ ނުބައިވަސްދުވާ ލޮނުފެން ބޭނުންކުރާށެވެ. މިއީ އަނިޔާވެރި ތަނެކެވެ. މިރާއްޖޭގައި ގާނޫނުއަސާސީ ހަދާ މަޖިލީހުގެ މެމްބަރުން ތިބެންޖެހޭ ޙާލަކީ މިއެވެ. 24 ގަޑިއުރު ގޮޅިހުންނަނީ ތަޅުލާފައެވެ. ބިރުވެރި ނާމާން ތަނެކެވެ. ބޭރުން ވައިކޮޅެއް ނުޖެހެއެވެ. މިހާދަށް ފެންވަރުގައި ޓުރީޓްކުރަމުން މިގެންދަނީ މިގައުމުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަށެވެ.
ދަންނަވަންތޯއެވެ! އަޅުގަނޑު މިވަނީ، އަޅުގަނޑަށް ލިބެންޖެހޭ އިންސާނީވަންތަ ހުރިހާޙައްޤަކުން މަޙްރޫމްކޮށް ކަޅުއަނދިރީގައި އެކަހަރިކޮށް ލާފައެވެ. ރައްޔިތުން އަޅުގަނޑާ ހަވާލުކޮށްފައިވާ މަޖިލީހުގެ މަސައްކަތްތައް ދާނުދާގޮތެއް ނޭނގެއެވެ. މަޖިލީހާބެހޭ އެއްވެސް ޚަބަރެއް ނުދެއެވެ. މަޖިލީހުންނެރޭ އިއުލާނުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެއިން އެއްވެސް ކަމެއްގެ އެއްވެސް މަޢުލޫމާތެއް ފޯރުކޮށެއް ނުދެއެވެ. އަޅުގަނޑު މިހުރީ، ﷲ ގަންދީ އެމަސައްކަތް އިޚްލާޞްތެރި ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދޭން ހުވާކޮށް ގެންނެވެ.
މިއީ ކޮންކަހަލަ ޑިމޮކްރަސީއެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިވައްތަރަށް ކިޔާނެނަމެއް އީޔޫ އިން ތިޔަބޭފުޅުން ވިދާލުވެ ދެއްވަ ބައްލަވާށެވެ! މިއީ ސިޔާސީ ލީޑަރުންނަށް، ވަރަށް އަނިޔާވެރި ސަރުކާރެކެވެ. ޖަލްސާތަކަށް ހާޒިރެއް ނުކޮށްދެއެވެ. މިހުރިހާކަމެއް މިކުރަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށެވެ. އިންސާނިއްޔަތާ ޚިލާފަށެވެ. ރައްޔިތުން އިންތިޚާބުކޮށް ފައިތިބޭ އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުންނަށް ލިބިދޭންޖެހޭ އެއްވެސް ޙައްޤެއް ނުލިބެއެވެ.
މަޖިލީހުގައި ވާނުވާއެއް ނާންގައެވެ. މިކަމާކޮށް ދެވެންހުރި ހުރިހާ މަސައްކަތެއް ވީހާއަވަހަށް ތިޔަބޭފުޅުން ކޮށްދެއްވުން ވަރަށް އިޚްލާސްތެރި ކަމާއެކު އާދޭސްކޮށް އެދެމެވެ. ހުރިހާ ޙައްޤުތަކެއްވަނީ ރައީސް މީހާގެ މުށުތެރެއަށް ލާފައެވެ. އަސާސީ ޙައްްޤުތައްހުރީ ހިފާއްޓަވާފައެވެ. މާލެއާއި މާލެކައިރި ހިސާބުތަކުގައި ވަނީ ކާފިއޫހިންގަވާފައެވެ. 18 އަހަރުންދަށުގެ ކުޑަކުދިން ޖަލަށް ގެނެސް އަނިޔާކޮށްފައި އެބަހުއްޓެވެ. ކަޅުހުކުރު ދުވަހު މަންމައާއި މާމަގާތަށް ގެއަށްދިޔަ ކުދިންވެސް މަގުމަތިން އަތުލައިގަނެގެން ޖަލަށް ގެނެސް ހައްޔަރުކޮށްފައި އެބަތިއްބެވެ. ފަހަތުން ދުވެއަތުލައިގަތް ކުޑަކުދިންވެސް ބަންދުކޮށްފައި އެބަތިއްބެވެ.
މިފަދަ ތަސައްރަފު ނުފުދޭ ކުޑަކުދިންނަށް ވެސް އަނިޔާކޮށްފައި ވެއެވެ. ބައެއް އަންހެން ކުދިންނަށް ޖިސްމާނީ ގޮތުން ހާނީއްކަކޮށް، ފުރައްސާރަކޮށްފައި އެބަހުއްޓެވެ. މިޢަމަލުތައް ހިންގީ ސިފައިންނެވެ. ފިރިހެނުންގެ ކުރިމަތީ ފަރާތުގައި ހިފާފައި މިނިސްޓަރ ޢަބްދުﷲ ޙަމީދުގެ އިސްތިޢުފާއޭބުނެ މަލާމާތް ކޮށްފައި އެބަހުއްޓެވެ. ހީސްލާހަދަން ޖެހެނީ މިމީހުންގެ ކުރިމަތީގައި ހުޅުވިފައި ހުންނަފާޚާނާ އަކަށެވެ.
އެވަގުތު މިކަހަލަ ނުލަފާކަންތައް ކުރަނީއެވެ. މިޢަމަލު ހިންގުނު އެއްބޭފުޅަކީ، ހދ.އަތޮޅުން މަޖިލީހަށް ކުރިމަތިލެއްވި ކެނޑިޑޭޓް ފުރަހަނި ޝުޢައިބު ޢަލީ އަށެވެ. ސިފައިންގެ އަޚްލާޤީ މިންގަނޑަކީ މިއީއެވެ. މިއީ ތަހުޒީބު ޒަމާނެއްގައި ސިފައިން ކޮށްގެންވާނެ އަމަލުތަކެއް ނޫނެވެ. ކަނުބަނދެގެން ކަނޑުހުރަސްކޮށް މާލޭން ބޭރުގެ އެހެން ޖަލުތަކަށް ގެންދިއުމުގެ މަގުމަތީގައި، ކަނޑުމަތިން ބައެއް އަންހެން ގައިދީންނާބެހި ޖިންސީހާއްނީއްކަ ކޮށްފައި އެބަހުއްޓެވެ. އެކުދީންނާއި ބައްދަލުކޮށް މިސުވާލުތައް ކުރައްވާށެވެ. ކިޔައިދޭނެއެވެ. ގިނަ އަންހެން ކުދިން ގެންދިޔައީ އެހެން ޖަލަކަށެވެ.
އަޅުގަނޑާއެކު ބަންދުކުރެވުނު އަންހެން ބޭފުޅުން ކައިރިން ތިޔަބޭފުޅުން މިވާހަކަތަކުގެ ތަފްސީލު އެއްސެވުން އެދެމެވެ. އެކުދިން މިޖަލުގައި ވާނެއެވެ. ސަރުކާރު ޓީވީން ރައްޔިތުންނަށް ޚަބަރުދެމުން ގެންދަނީ އަޅުގަނޑު މެންނަކީ، ސަރުކާރާ ދެކޮޅަށް ބޮޑުބަޣާވާތެއް ކޮށްގެން އުޅޭބާޣީންތަކެއްގެ ގޮތަށެވެ. ދީނީޢިލްމުވެރިން ޓީވީއަށް އަރުވައިގެން އެފަދަ ފަތުވާތައްނެރެ އަޅުގަނޑު މެންގެ މައިންބަފައިންނާއި ޢާއިލާތައް އިންތިހާއަށް ބިރުގަންނަވާ ހަދަމުން އެބަގެންދެއެވެ. ދަންޖައްސަން ޖެހޭ ކަމުގެ ފަތްވާތައް އާންމުކޮށް ނެރެއެވެ.
ދީނީޝައިޚުން ލައްވާ ބާޣީންނަކީ މަރަންޖެހޭ ބައެއްކަމުގައި ވާހަކަފަތުރާފައި އެބަހުއްޓެވެ. ބާޣިންގެ މުދާތައް ސަރުކާރަށް ކޮންފިސްކޭޓް ކުރެވޭނެ ވާހަކަ އާންމުކޮށްފައި އެބަހުއްޓެވެ. މިއީ އަޅުގަނޑު މެންގެ ޢާއިލާތައް ބިރުގަންނަވާއި ނަފްސާނީބަލި ޖެއްސުމަށް ސަރުކާރުން ރާވައިގެން ހިންގާ ޕްރޮޕެގެންޑާ ކަންތަކެވެ. ނަފްސާނީ ގޮތުން ބިރުދެއްކުމަށް ކުރާނުލަފާ ކަންތަކެވެ.
މީގެ ކުރިން، 1990 ވަނަ އަހަރު ކަންތައްކޮށް ފައިހުރީ މިފަހަރަށްވުރެ މާގޯސްކޮށެވެ. މާއަނިޔާވެރި ކޮށެވެ. އެފަހަރުގެ ރިޕޯޓްތައް އެމްނެސްޓީ އިންޓަރނޭޝަނަލަށް އަޅުގަނޑުމެން ޖަލުގެ ކުޑަގޮޅީގައި ތިބެގެން ސިއްރުން ހުށަހެޅީމެވެ. އެދުވަސްވަރަކީ ބޭރުބަޔަކަށް ކުށްވެރިންނާ ހަމައަށް ވާސިލްވެވޭ ދުވަސްވަރެއް ނޫނެވެ. މާއަނދިރިކަން ބޮޑުދުވަސް ވަރެކެވެ. އެވާހަކަތައް ވަރަށް ތަފްސީލާއެކު އެބޭފުޅުންގެ ރިޕޯޓުތަކުގައި ގެނެސްދީފައި އެބަހުއްޓެވެ. އެދުވަސްވަރު ޖަލުގައިކުރި އަނިޔާތަކުގެ ވާހަކަތައް ތަފްސީލުކޮށް ލިޔެފައި އެބަހުއްޓެވެ. އެފަހަރު ސިފައިން ކަންތައްކުރީ ވަރަށް އަނިޔާވެރި ކޮށެވެ.
ކުޑަގޮޅީގައި ބައިތިއްބައިގެން ޝަރުޢީކޯޓަށް ދުއުވާތައް ވައްދާއި ރޭގަނޑު ގެންގޮސްގެން، ހުކުމްތައް އިއްވާލީ ކުޑަގޮޅިގައި ހުކުމް ތަންފީޒުކުރަން ޖެހޭ ގޮތަށެވެ. ލޯޔަރުން ހޯދުމުގެ ފުރުސަތެއް ނުދެއެވެ. ދަންވަރު ގޮޅިންނެރެ ބޮޑެތިއަނިޔާތައް ކުރުމާއި ދަންވަރު ޝަރުޢީކޯޓަށް ހާޒިރުކޮށް ހެދިއެވެ. ކުޑަގޮޅިގައި އަނިޔާއާއެކު، 18 މަސްދުވަހު ބޭތިއްބިއެވެ. އަނެއް، 18 މަސްދުވަހު ދޫނިދޫނޫން އެހެންޖަލެއްގެ ކުޑަކޮޓަރިއެއްގައި ބެހެއްޓިއެވެ. 45 ދުވަހު އެއްހުޅު ބިޑީގައި ބޭއްވިއެވެ. އަނދަގޮނޑިއަށް ލިއެވެ. އަނދަގޮނޑިޖަހާއި ޗޭނުޖަހާނެ ކަމުގެ ބިރުދެއްކިއެވެ. ނަސީބަކުން އަޅުގަނޑުމެންގެ އީމާންތެރިކަން ގަދަކަމުން ބުއްދިގޯސްނުވެ ސަލާމަތުން ތިބީއެވެ.
އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން އެތައްބަޔަކު ބޯގޯސްވެ، ހަމަބުއްދި ގެއްލުނެވެ. އަޅުގަނޑު މަސްއޫލުވެރި ކަމުގައި ނެރެންފެށި ސިޔާސީ މަޖައްލާއެއް ކަމުގައިވާ “މަންތިރި” މަޖައްލާގެ، އެޑިޓަރ އަޙްމަދު ވަހީދު ޢަލީ އެހުންނެވީ އަދިވެސް އެކަމުގެ ބަލީގައެވެ. މީނާ ނޫނަސް އެބުރުގައި ސިކުޑިގޯސްވެ ބޯސަކަރާތްވި މީހުން ބައިވަރު ދުނިޔޭގައި އެބަތިއްބެވިއެވެ. ކާދޫ އިބުރޭއަކީ ވެސް މިކަމުގެރީތި މިސާލެކެވެ. މިފަހަރު އެހެންވިޔަ ނުދެއްވުންއޮތީ ތިޔަބޭފުޅުންގެ އަތްޕުޅު މަތީގައެވެ.
އެކަންއޮތީ، އީޔޫ އިން ކުރައްވާނެ މަސައްކަތުގެ ނަތީޖާގެ މައްޗަށް ބިނާވެފައެވެ. އަޅުގަނޑުމެން ސަލާމަތުން އެނބުރި މުޖަތަމަޢަށް ނުކުމެ ރާއްޖޭގެ އިސްލާޙަށް މަސައްކަތް ފެށުމުގެ ތަޅުދަނޑިއޮތީ ތިޔަބޭފުޅުން ކުރައްވާނެ އަގުހުރި މަސައްކަތެއްގެ ފަހަތުގައެވެ. މިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ކެރިގެން ނުކުމެ މައިދާނުގައި ތިބިމީހުން މިނިވަންވުމަކީ ދިވެހިރާއްޖޭގެ ކުރިއެރުމެވެ.
މިރާއްޖެ ބޭރުދުނިޔެއަށް ހުޅުވިގެން ދިއުމެވެ. މިރާއްޖެއަށް ދުނިޔޭގެ ފައިސާވެރިން އައިސް އިންވެސްޓްކޮށް ހިޖްރަކުރުމެވެ. އަޅުގަނޑަކީ ކިޔަވާ ނިމުނީއްސުރެ ރާއްޖޭގެ އިސްލާޙަށް މަސައްކަތްކުރާ މީހެކެވެ. އެކަން އެމްނެސްޓީ އިންޓަރނޭޝަނަލް އަށާއި އިންގްލިޝް ޕެންއަށް ވަރަށް ސާފުކޮށް އެނގިލައްވާނެއެވެ. އަޅުގަނޑަކީ ޕެންޖަމާޢަތުގެ އޮނަރަރީ މެންބަރެކެވެ. 1994 ވަނަ އަހަރު ރާއްޖޭގައި ސިޔާސީޕާޓީއެއް އުފެއްދޭތޯ މަސައްކަކުރި ތިންމީހުންގެ ތެރެއިން އެކަކެވެ.
އެދުވަސްވަރަކީ މިހާރު ބޭނުންކުރަމުން މިގެންދާ ޤާނޫނުއަސާސީ އިސްލާހު ކުރަމުން ގެންދިޔަ ދުވަސްވަރެވެ. މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނު އަރިހަށް އަޅުގަނޑު ގެންދިޔައީމެވެ. އެހެނަސް ރައީސް މައުމޫނު ވިދާޅުވީ އަދި ރާއްޖޭގައި ސިޔާސީޕާޓީއެއް ނުހިންގޭނެ ކަމަށެވެ. އަދި އޭގެފަހުން، 2011 ވަނަ އަހަރު، 42 މީހަކު ސޮއިކޮށް ސިޔާސީޕާޓީއެއް އެމްޑީޕީ ނަމުގައި ރަޖިސްޓްރީ ކުރުމަށް އިސްކޮށް އުޅުނު ތިންމީހުންގެ ތެރެއިން އެކަކީ ވެސް އަޅުގަނޑެވެ. މިކަމުގައި އަޅުގަނޑުމެން ޖިހާދުމިކުރަނީ ޤާނޫނު އަސާސީން އެޙައްޤު ލިބިދީފައި ވާތީއެވެ.
އެހެނަސް އަދިވެސް ދިވެހި ފަސްގަނޑުގައި މިވަނީ، އެކަން ނުކުރެވިފައެވެ. އީޔޫގެ އެހީތެރިކަން ބޭނުންވަނީ އެހެންވެގެންނެވެ. މަލްޓިޕާޓީ ސިޔާސަތާއި ޕާޓީސިސްޓަމް ސިޔާސަތު މިގައުމުގެ ގާނޫނީ އޮނިގަނޑު ރެތެއަށް ވައްދާއި ދިރުވަން އެބަޖެހެއެވެ. ތިޔަބޭފުޅުން މިކަން ހަގީގަތަކަށް ވުމަށް އެހީތެރިވެ، ބާރުއަޅައި ދެއްވާށެވެ. އަޅުގަނޑު މަޖިލީހަށް ކުރިމަތިލީ ވެސް އެކަންކުރުމުގެ ބޭނުމުގައެވެ. އެނިޔަތުގައެވެ. “އައި އޭމް އަ ރިފޯމަރ” އާއި “އައި ވިލް ޑައި ފޯ ޑިމޮކްރަސީ” އާއި “ލޯންގު ލިވް ޑިމޮކްރަސީ” އާއި އަހަންނަކީ ސިޔާސީ މީހެއް… ޅެންވެރިއެއް ނޫން” މިހިރީ އަޅުގަނޑުގެ ކެމްޕޭނުގައި ކާމިޔާބު ހޯދުމަށް އަޅުގަނޑު އަޑުއުފުލާއި ބޭނުންކުރި ސްލޯގަން ތަކާއި މޮޓޯތަކެވެ.
ޒުވާނުންގެ ތަރުޙީބު ވަރަށްބޮޑަށް ލިބުނެވެ. އދ.އަތޮޅުގެ ޒުވާނުންގެ ތަރުހީބު ފުރިހަމައަށް ލިބުނެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު ނުދަންނަ ދާއިރާއަކުން ކުރިމަތިލައި މިފަދަ ކެންޕޭނެއްކޮށް ބޮޑުކާމިޔާބެއް ހޯދުނެވެ. ގިނަޒުވާނުން މިފަދަމަލްޓިޕާޓީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށްލަން ބޭނުންވެއެވެ. އެމީހުންގެ ސިކުނޑިތައް މިހަރަކާތަށްރުހި މަރްޙަބާ ކިޔައެވެ. ވެރިކަމަކީ ދައުރުވާ އެއްޗަކަށް ހަދަން ބޭނުންވެއެވެ.
ވިމާ މިނުކުތާތަކަށް ތިޔަބޭފުޅުންގެ ވިސްނުން ބިނާކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. ދަންނަވަން ތޯއެވެ! އަޅުގަނޑުގެ ހަމައެކަނި ކުށަކީ، ރާއްޖޭގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލާއި އަޑުއުފުލިކަމެވެ. މިއީ އެކަމާހެދި އުފުލަން ޖެހޭއަނިޔާތަކެވެ. ދަންނާށެވެ! މިއީ ސިޔާސީ ލީޑަރުންތަކެއް ނެތިކޮށްލުމަށް ހިންގާ ލާއިންސާނީ ކަންތައްގަނޑެކެވެ. ގައުމުގެ ކުރިމަގު އެހެންބައެއްގެ އަތްމައްޗަށް ހިނގައިދާނެތީ ރާވައިގެން ހިންގާ ޖަރީމާއެކެވެ. މުޅިމިކަމަށް ހައްލެއް ގެނެސް ދެއްވުންއޮތީ ތިޔަބޭފޫލުންގެ ކުރިފުޅުމަތީގައެވެ. އީޔޫ ޕާލަމެންޓުގެ މޭޒުމަތީގައެވެ. މަގުމިއޮތީ ހުޅުވިފައެވެ.
އީޔޫ އިން އެމަސައްކަތް ވީހާއަވަހަށް ފައްޓަވައި ދެއްވާށެވެ. ރާއްޖޭގެ އެތައް ޢާއިލާތަަކެއް މިކަމާހެދި ހަލާކުވެގެން މިދަނީއެވެ. މިކަމާ ފަރުވާތެރި ކަމާއެކު އީޔޫ އިން ވިސްނެވުމަށް އާދޭހާއެކު އެދެމެވެ. މިވާހަކަތައް ތިޔަބޭފުޅުންގެ ޕާލަމެންޓަށް ގެންދަވާއި އެޖެންޑާކޮށް ދެއްވާށެވެ. އަޅުގަނޑުގެ ތަރުޖަމާނު ޢަބްދުލްޙަމީދު ޒަކަރިއްޔާ ވަރަށް ރަނގަޅެވެ. އެކުރައްވާ ތަރުޖަމާ ވެސް ރަނގަޅެވެ. އެބޭފުޅާއަށް ހިތުގެއަޑިން ޝުކުރުވެރިވަމެވެ. މިހެން މިދެންނެވީ އިނގިރޭސި ކުރައްވަމުން އެގެންދަވާ ވާހަކަތައް ރަނގަޅަށް އަޅުގަނޑަށް ފަހުންވާތީއެވެ.
މިވާހަކަތައް މިހާހިސާބަށް ކިޔައި ދިނުމަށް ފަހު، ތިހާމަތީ ވަފުދެއް އީޔޫއިން ފޮނުއްވައިގެން އަޅުގަނޑުމެންނާ ޖަލުގައި ބައްދަލުކޮށް ހެއްދެވުމަށް ފަހު، އެނބުރި ވަޑައިގެން ތިޔަބޭފުޅުންނަށް ކޮށްދެވޭނީ ކޮންކަމެއްތޯ ދެންނެވުމުން އިސްކޮށް އިންނެވި ބޭފުޅާ ވިދާޅުވިއެވެ. ތިޔައީ ވަރަށް ރަނގަޅު ސުވާލެކެވެ. ދެން އެއަށްފަހު، ވިދާޅުވެ ދެއްވިއެވެ! އެހެން ގައުމުތަކުންވެސް ދަނީ، މިކަމާ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އީޔޫ އިންވެސް ގެންދަނީ އެހެން ގައުމުތަކާ ގުޅިގެން ޙިކްމަތްތެރި ކަމާއެކު މަސައްކަތް ކުރަމުންނެވެ. ވީހާއަވަހަށް ރާއްޖޭގައި ހިންގާފައިއޮތް ސްޓޭޓް އޮފް އިމަރޖެންޖެންސީގެ ޙާލަތު ނެގުމަށް އެޅެންހުރި ހުރިހާފިޔަޅެއް އަޅަމުން ގެންދާނަމެވެ.
ހިފޭއްޓިފައިހުރި ޤާނޫނުތައް ދޫކޮށްލުމަށް ބާރުއަޅާނެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެ ދެއްވިއެވެ. މަޖިލީހުގެ ޖަލްސާތައް މެމްބަރުންނާއެކު އަނބުރާކުރިޔަށް ގެންދެވޭގޮތް ހެދޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އީޔޫ އިންނާއި އެމެރިކާއާއި އިނގިރޭސި ވިލާތުން ކުރަމުން މިގެންދާ މަސައްކަތުގެ އަސަރުތައް ވަރަށް އަވަހަށް ތިޔަބޭފުޅުންނަށް ކުރާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް ދެއްވިއެވެ.
މިއަޑު އިވިފައި އަޅުގަނޑު އުފަލުންގޮސް ދެލޮލުން ކަރުނަ ފޮހެންޖެހުނެވެ. ދެން އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުވެރިވާ ވާހަކަ ދެންނެވީމެވެ. ކޮންމެހެންވެސް ތިޔައީ ވީހާއަވަހަށް ކޮށްދޭންޖެހޭ ކަމެކޭ ދެންނެވީމެވެ. ހުރިހާ އަސާސީޙައްޤު ތަކެއްހުރީ ރައީސް މީހާގެ މުށުތެރޭގައެވެ. އަޅުގަނޑު މެންނަށް ލޯޔަރުންވެސް ހަމަޖެއްސޭކަށް ނެތެވެ. ރައްޔިތުންނަށް ގާނޫނުއަސާސީ ފުރިހަމަކޮށް ލިބޭނެގޮތް، ވީހާއަވަހަށް ހައްދަވައި ދެއްވުމަކީ އަޅުގަނޑުމެންގެ އެންމެބޮޑު އެދުމެވެ.
މިއީރާއްޖޭގެ އިސްލާޙީ ހަރަކާތުގެ ހުރިހާ ބައިވެރިންގެ ގޮވާލުމެވެ. އަދިވެސް އަޅުގަނޑު ދެންނެވީމެވެ. މިއަދަކީ ޖަލުގެ ކުޑަގޮޅީގައި މިވީދުވަސް ތަކުގައި އަޅުގަނޑު އެންމެއުފާ ކުރިދުވަހެވެ. އަޅުގަނޑު މެންގެ އިޙްސާސްތައް ދެނެގަތުމަށް އީޔޫ އިން ތިޔަފެންވަރުގެ ފަވުދެއް ފޮނުއްވީމައެވެ. އަދި ތިޔަދެއްކެވި އޯގާތެރި ވާހަކަފުޅު ތަކުންނެވެ. މާދަމާ އަޅުގަނޑުގެ އަންހެނުންނާ، ﷲގެ އިރާދަފުޅާ ލައިގެން ބައްދަލުވާނެއެވެ. އެހެނަސް އެއަށްވުރެވެސް ބޮޑަށް މިއަދު އަޅުގަނޑު އުފާވެއްޖެއެވެ. ސަބަބަކީ ތިޔަހާ ދުރުން އީޔޫގެ މަތީފެންވަރުގެ ހަޤީޤަތްހޯދާއި ދެނެގަނެ ދިރާސާކުރުމުގެ ވަފުދެއްގައި ތިޔަފެންވަރުގެ ބޭފުޅުންކޮޅެއް، ޖަލުގެ ކުޑަގޮޅިއަށް ވަޑައިގެން އަޅުގަނޑާ ބައްދަލުކޮށް ޙާލުއަޙްވާލު ބެއްލެވީތީއެވެ.
އަޅުގަނޑުގެ އުދާސްތައް އަޑުއައްސަވާއި ހިތަށް ފިނިކަމެއް ގެނެސް ދެއްވީތިއެވެ. އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަޔް ކޮށްލެއްވުމުގެ ދައުވަތު އަރުވަމެވެ. ދޫނިދޫޖަލުން ފުރުއްވުމުގެ ކުރިން އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަތް ކުރައްވާނެ ކަމުގެ އުންމީދު ކުރަމެވެ. އަދި ވެސް އެއްފަހަރު ވަރަށްބޮޑަށް ޝުކުރު ދަންނަވަމެވެ. ދެން ވާހަކަނުދައްކަވާ އިންނެވި އަންހެން ބޭފުޅާ އެއްސެވީ ޖަލަށްގެނައީ ކޮންތާކުން ކިހިނެއް ހެއްޔެވެ. ޙާދިޘާހިނގި މައިދާނުން ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ގޮސްއުޅުނީ ސަރުކާރުން މަތީފެންވަރުގެ ބޭފުޅަކު ގުޅާފައި އެމައިދާނަށް ވަޑައިގަތުމަށް އެދިވަޑަައި ގަތުމުންނެވެ.
ބުރާސްފަތި ދުވަހުގެރެއާއި ހުކުރު ދުވަހުގެ ހެދުނުން ބައެއްގައި އަޅުގަނޑުމެން އެމައިދާނުގައި އުޅުނީމެވެ. އަޅުގަނޑު ހައްޔަރުކޮށްގެން ގެނެސް ޖަލަށްލާއި ކުޑަގޮޅީގައި ބަންދުކުރީ، އަޅުގަނޑުގެ ކުޑަދެކުދިންނާއެކު އަމިއްލަގޭގައި ޓިވީބަލަން އިންދައެވެ. ސިފައިންގެ ގުރޫޕެއް ގެއަށްގޮސް ހައްޔަރުކޮށްގެން ގެނަސް ކަނުބަނދެފައި ރަނގަޅަށް ތަޅާލީއެވެ. އެރޭގެނައި ގޮތަށް އަދިވެސް މިއިންނަނީ ކުޑަގޮޅީގައެވެ. ގޮޅިން އަޅުގަނޑު، މިނެރުނީ ތިޔަބޭފުޅުން ގޮޅިއާހިސާބަށް ނުގެންދަން ވެގެންނެވެ. އެހެންނޫންނަމަ ގޮޅިން އަދިވެސް ނުނެރުނީހެވެ.
ދެން އޭނާ އޯކޭއޭ ދެންނެވިއެވެ. މީނާ އިންނެވީ އަޅުގަނޑު ދެއްކި ވާހަކަތަކުން ވަރަށް އަސަރުކޮށްފައެވެ. އަދިވެސް އެދުވަހުން ފެށިގެން އަޅުގަނޑު މިއުޅެނީ ސިފައިންގެ އަނިޔާގައި ކަމަށް ދެންނެވީމެވެ. މިތާމިތިބޭ ސިފައިންގެ ކުލުނެއް ހަމްދަރުދީއެއް ނުހުރެއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑުމެންގެ ސިކުނޑިތައް ހަލާކުކޮށްލާށެވެ. މޮޔަކޮށްލާށެވެ. ޖަލުންނުކުމެ ސިޔާސީ ކަމެއްގައި ނޫޅެވޭނަރު ކޮށްލާށެވެ.
ތަޙުޤީޤު ކުރުމުގެ ގޮތުން، އަދި އެއްވެސް ސުވާލެއް ކުރާކަށް ނުފަށައެވެ. ގާނޫނީ ވަކީލެއްގެ ކަންތައް ވެސް ހަމަޖައްސައެއް ނުދެއެވެ. ހީވަނީ ކާފިއޫ ހިންގާފައި އޮތުމުން އެޙައްޤުތައް ނުދެނީހެންނެވެ. އަޅުގަނޑު ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިއެއް ނުވަމެވެ. ޖުމްހޫރީ މައިދާނަށް އަޅުގަނޑު ދިޔައީ ރައީސް މައުމޫނު ވިދާޅުވެގެން ނޭބުނުއްވައި އިންފޯރމޭޝަން މިނިސްޓަރު ގުޅާފައި ގާސިމް އިބްރާހިމް އަރިހުގައި ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ހުރިހާ މެމްބަރުން ވީހާއަވަހަށް ވަޑައިގަތުމަށް އެދިވަޑައި ގަތުމުންނެވެ.
އަޅުގަނޑުމެން ހުރިހާ މެމްބަރުން ޖުމްހޫރީ މައިދާނަށް ދިޔައީ ސަރުކާރުން އެދުނު އެދުމެއްގެ މަތިންނެވެ. މިހާހިސާބަށް އަޅުގަނޑުގެ ވާހަކަތައް ދިއުމުން، ޢަބްދުﷲ ރިޔާޒު ސޮރީއޭ ވިދާޅުވެ ވާހަކަތައް މެދުކަނޑާ ލެއްވީއެވެ. މިހާރު އިލްޔާސް ތިޔަދައްކަވަނީ ތަޙުޤިޤާގުޅޭ ވާހަކަތަކެވެ. ތަޙުޤީޤާބެހޭ އެއްވެސް ވާހަކައެއް ނުދެއްކޭނެއެވެ. އެއީމަނާ ކަމެކެވެ. ދެން އަޅުގަނޑަށް ޖެހުނީ އަޅުގަނޑުގެ ވާހަކަތައް ހުއްޓާލާށެވެ. އީޔޫ ވަފުދުގެ ބޭފުޅުން މިކަމާ ވަރަށް ދެރަވިއެވެ.
އެހެނަސް މިވާހަކަތައް ނުދެއްކެންޏާ ދެންދައްކާނެ އިތުރުވާހަކައެއް ނެތޭދަންނަވައި އަޅުގަނޑު ހުރިހާބޭފުޅުންނާއި ސަލާމްޤަލާން ކުރުމަށްފަހު ނިންމާލީއެވެ. އެއަންހެން ބޭފުޅާއަރިހުގައި މިނިވަން ވުމުން ބައްދަލުވާން ބޭނުމޭ ދެންނެވުމުން އޭނާގެ ވިޒިޓިންކާޑުދޭން އުޅުމުން އެކަންވެސް، އަބްދުﷲ ރިޔާޒު މަނާކުރެއްވިއެވެ. ދެފަރާތުން ޝުކުރުތައް ބަދަލު ކުރުމަށް ފަހު ވަކިވީއެވެ. ދެން އަޅުގަނޑު ގެނެސްވެއްދީ ގޮޅިއަށެވެ.”
މިއީ ވަރަށް ފުރިހަމަ ބައްދަލުވުމެކެވެ. ގާތްގަނޑަކަށް ގަޑިއެއްހާ އިރުވާނެއެވެ. މިބޭފުޅުން ހުރިހާވާހަކަތަކެއް ނޯޓުކުރެއްވިއެވެ. އަންހެން ދެބޭފުޅުންނާއި އިސްކޮށް އިންނެވި ބޭފުޅާ ސުވާލުކޮށް ހައްދަވާއި ވަރަށް ފުރިހަމައަށް މިވާހަކަތަކުގައި ބައިވެރިވެ ލެއްވިއެވެ. މިބައްދަލުވުމުގެ ވިސްނުމާއި ފިކުރުތަކުގައި ރޭގަނޑުގެ ނިދިއެއްކޮށް ދުއްވާލަން ޖެހުނެވެ. އެއްގޮތަކަށް ވެސް ނިދިނައިސް ވަރަށްގިނައިރު އެފިކުރުތަކުގައި ގެނބިގެން ހޭލާއޮންނަން ޖެހުނެވެ. ކުރިޔަށް އޮތް މުސްތަގުބަލުގެ އުފާތަކުން ފުރުނު ރެއެކެވެ.
އަދި، ހައްޔަރުކޮށް ފައިތިބީ، 82 މީހުންކަމަށް ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރިއެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 196 މީހުންކަމަށާއި މައްސަލަ މުޅިން ނުނިމޭކަމަށް އަންގައި ދޫކޮށްލީ ޖުމްލަ، 114 މީހުން ކަމަށް ވެސް ފުލުހުންގެ އިދާރާއިން މިއަދު ހާމަކުރެއްވިއެވެ.
އަދި އޯގަސްޓް ބާރަތޭރައިގެ ޙާދިޘާއާގުޅިގެން މާފުށީޖަލުގައާއި ދޫނިދޫޖަލުގައި ތިބިމީހުންނާ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސްގެ ފަރާތުން ބައްދަލު ކުރައްވައި އެމީހުން ހައްޔަރު ކޮށްފައިތިބި ގޮތުގެ މަޢުލޫމާތު ސާފުކުރެއްވިއެވެ. މިކަންތައްތަކަކީ އީޔޫ ވަފުދުގެ ބޭފުޅުންނަށް ދެއްކުމަށް ޑޮކްޓަރ ޝަހީދާއި ޑޮކްޓަރ ޝައުޤީމެން އަޑީގައި ތިއްބަވައިގެން ހިންގެވި އަނދުން އެޅުވުމުގެ ކަންތަކެވެ.
14 އޯގަސްޓް 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 12 ވަނަ ދުވަހެވެ. މިއަދަކީ ފުރަތަމަ ފަހަރަށް، އަންހެނުން ކަމުގައިވާ ރުކްސާނާ، ރުކުއާ ޖަލުން ބައްދަލުވި ދުވަހެވެ. ފުދޭވަރަކަށް ގިނައިރުވަންދެން ވާހަކަދެއްކުމުގެ ފުރުސަތު ދިނެވެ. އަޅުގަނޑުގެ ދެކުދިން ކަމުގައިވާ ޓޭން އާއި ރޭމް، މުޅިން ރަނގަޅުކަމަށް ބުންޏެވެ. ގޭތެރޭގެ ހުރިހާކަމެއް ވެސް ރަނގަޅެވެ. މަންމަމެންގެ ޙާލުވެސް ރަނގަޅެވެ. ރުކު ގޮވައިގެން ވިޒްކޯ ދޯނީގައި އައިސްހުރީ ކޮއްކޮ އިބުރޭ (އިބުރާހީމް ރަޝީދު ހުސައިން) އެވެ. ބައްދަލުވުން އޮތީ، ދޫނިދޫޖަލުގެ އުނދޯލިގޭގައެވެ.
މިބައްދަލުވުން ނިމިގެން ދެމީހުންވަކިވި ވަގުތަކީ ވަރަށް އަސަރުކުރި ހިނދުކޮޅެކެވެ. ދެމީހުންނަށް ވެސް ރޮވުނެވެ. ކުރާނެ ކަމެއް ނެތެވެ. ޖެހުނީ ބައްދާ ސަލާމަކުން ވަކިވާށެވެ. ދޯންޏަށް ގޮސްއަރަންދެން އަޅުގަނޑު ބަލަންހުރީމެވެ. އަޅުގަނޑު ހުއްޓުނީމާ ލޭޑީ، އެކަމާއަޅާ ނުލެއްވީއެވެ. މިފަހަރު، ލޭޑީ އަޅުގަނޑާ ދޭތެރޭގައި ކަންތައް ބަހައްޓަވަނީ ވަރަށް ރަނގަޅެވެ. އިބުރޭ ދޯނީގައި ހުއްޓާ، އަޅުގަނޑަށް ފެނިގެން އިބުރޭއަށް ވޭވްކޮށް ލެވުނެވެ. އެމީހުން ވެސް ވޭވުކޮށް ހެދިއެވެ.
25 އޯގަސްޓް 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 13 ވަނަ ދުވަހެވެ. މިއަދު ޖަލުތެރެއާ ގުޅިގެން ޚާއްސަކަމެއް ނެތެވެ. އެހެނަސް “އޯގަސްޓް، 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ހިންގި ކަންތައްތަކާ ގުޅިގެން، ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ކަމުގެ ޙަޤީޤަތާޚިލާފަށް ދޮގުމަޢުލޫމާތު ފަތުރަމުން ގެންދާތީ، ކަމުގެ ޙަޤީޤަތް ހާމަކޮށް ދެއްވުމަށް ޓަކައި” ރައީސުލް ޖުމްހޫރިއްޔާ، 8 ޤައުމަކަށް ޚާއްސަ މަންދޫބުން ފޮނުއްވި ޚަބަރު މިއަދު ލިބުނެވެ.
މިގޮތުން، ސްރީލަންކާ، އިންޑިއާ، އަދި ޕާކިސްތާނަށް ފޮނުއްވީ، ހެލްތް މިނިސްޓަރ އަޙްމަދު ޢަބްދުﷲ އެވެ. އިނގިރޭސިވިލާތް، އިޓަލީ، އަދި ޖަރުމަނަށް ފޮނުއްވީ، ޓުއަރިޒަމް މިނިސްޓަރ ޙަސަން ޞާބިރެވެ. ސިންގަޕޫރަށާއި މެލޭޝިޔާއަށް ފޮނުއްވީ ޖެންޑަރ، ފެމެލީ ޑިވެލޮޕްމަންޓް އެންޑު ސޯޝަލް ސެކިއުރިޓީ މިނިސްޓަރ އަނީސާ އަޙްމަދެވެ. މިބޭފުޅުންގެ އަތްޕުޅުގައި ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިޤައުމުތަކުގެ ވެރިންނަށް ރައްދު ކުރެއްވުމަށް، ސިޓީފުޅު ތަކެއް ފޮނުއްވިއެވެ. މިއީ މުޅިން ވެސް ސަރުކާރުގެ ޕްރޮޕެގެންޑާ މަސައްކަތް ތަކެވެ.
26 އޯގަސްޓް 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 14 ވަނަ ދުވަހެވެ. މިއަދު އެއްވެސް ކަމެއް ނުހިނގައެވެ. ގޮޅީގައި ހަމަހުރީއެވެ.
27 އޯގަސްޓް 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 15 ވަނަ ދުވަހެވެ. އެއްވެސް ޚާއްސަކަމެއް ނުހިނގައެވެ.
28 އޯގަސްޓް 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 16 ވަނަ ދުވަހެވެ. ޖަލުތެރޭގައި އެއްވެސް ކަމެއް ނުހިންގައެވެ. އެހެނަސް މިއަދު، “ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތުކުރެވޭ މީހުންނާއި އެކަންކަން ރޭވިކަމަށް ތުހުމަތު ކުރެވޭ” މީހުންގެ މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާގޮތް ބެލެހެއްޓެވުމަށް ތަޙްޤީޤާބެހޭ ކޮމެޓީއެއް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ޚަބަރު ލިބުނެވެ. ތިން މެމްބަރުންގެ މައްޗަށް އެކުލަވައިލެއްވި މިކޮމެޓީގައި ހިމެނިވަޑައިގަތީ، ހޯމްއެފެއާޒް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ އިސްމާޢީލް ޝަފީޢު އާއި އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ މަޙްމޫދު ޝައުޤީ އާއި ބަންޑާރަނާއިބު ޑޮކްޓަރ ޙަސަން ސަޢީދެވެ.
މިއީވެސް ބޭރުދުނިޔެއަށާއި ބައިނަލް އަޤްވާމީ މުޖްތަމަޢަށް ދެއްކެވުމުގެ ގޮތުން އެޅުއްވި އަނދުނެކެވެ. މިހުރިހާ ފިޔަވަޅު ތަކެއް ސަރުކާރުން އަޅުއްވަމުން ގެންދެވިއިރު ވެސް ބައިނަލް އަޤްވާމީ މުޖްތަމަޢުން ޤަބޫލުކުރަމުން ގެންދިޔައީ އިސްލާޙީ ޙަތަކާތުގެ ބައިވެރިން ހިތުގެ އަޑިން ފާޅުކުރަމުން ގެންދިޔަ އަސަރުގަދަ ވާހަކަތަކެވެ. އަދި ރާއްޖެއިން ބޭރުގައި އިނގިރޭސި ވިލާތާއި ސްރީލަންކާއާއި އެމެރިކާއާއި ސްވިޓްޒަލޭންޑް ގައި ގައިމުވެ ތިއްބެވި އިސްލާޙީ ޙަރަކާތުގެ ބައިވެރިންގެ ވާހަކަތައް ގެންދެވީ ބައިނަލް އަޤްވާމީ މުޖްތަމަޢުން ކަނުލައި އައްސަވަމުންނެވެ.
އީޔޫ އިންނާއި ކޮމަން ވެލްތުންނާއި ޔޫއެން އިން ގެންދެވީ، ރާއްޖެއާ ގުޅިގެން ސިޔާސީ ޙަޤީޤަތްތައް ހޯއްދަވާއި ދިރާސާތައް ކުރައްވަމުންނެވެ. ޙަސަން ޞާބިރަށާއި ޑޮކްޓަރ ޝައުޤީއަށާއި ޑޮކްޓަރ ޙަސަން ސަޢީދަށް ޖެހިވަޑައިގަތީ މެދުމިންވަރު ޚިޔާރުކޮށް ބައިނަލް އަޤްވާމީ މުޖްތަމަޢު ކުރިމަތީގައި ތެދުމަގުން ދަތުރު ކުރައްވާށެވެ. ފަހުގެ މަރުޙަލާއެއްގައި ޑޮކްޓަރ އަހްމަދު ޝާހީދު ވެސް މިމަގުން ހިންގަވަން މަޖްބޫރުވީއެވެ. ސަރުކާރުގެ ޕްރޮޕެގެންޑާތައް ދިޔައި ދަށްވަމުން، ފަނޑު ވަމުންނެވެ. މިބޭފުޅުން ގެންދެވީ ރައީސް މައުމޫނަށް އޮޅުވާ ލައްވަމުންނެވެ. އަދި އިދިކޮޅުލީޑަރުންނަށް ހަމްދަދަރުދީ ވަމުންނެވެ. ހަސަންސައީދާއި ޑޮކުޓަރު ޝަހީދުމެން ފަދަ ޒުވާން ވަޒީރުންނަށް މިބަދަލު އަންނަން ފެށީ، ބޭރުގެ އެމްބަސީތަކުގެ އެމްބެސަޑަރުންގެ ވާހަކަތަކާއި މަސައްކަތްތަކުގެ ނުފޫޒުންނެވެ.
29 އޯގަސްޓް 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު، “އޯގަސްޓް، 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ، ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ” އިތުރު، 4 މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުސް އޮފީހުން ހާމަކުރިއެވެ.
3 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަ ދުވަހެވެ. މިއަދާއި މިދިޔަ، 4 ދުވަހު ވަކިޚާއްސަ ކަމެއް ނުހިނގައެވެ. އާދައިގެ މަތިން ގޮޅީގައި ހުރީއެވެ. ނަމާދުކުރުމާއި ގުރުއާން ކިޔެވުން ބަރާބަރަށް ކުރިޔަށް ގެންދަމެވެ. ހަވީރުސަޔަށް ފަހު ގޮޅީތެރޭގައި ކުރެވޭ ކަސްރަތުޔައް ކުރިޔަށް ގެންދަމެވެ.
ސިފައިންނާއި ފުލުހުން ވަކިދެއިދާރާއަށް ވަކިކުރެއްވުން:
ޚަބަރުތައް ލިބުނުގޮތުގައި، 1 ސެޕްޓެމްބަރު 2004 ވީބުދަ ދުވަހު، ސިފައިންނާއި ފުލުހުން ވަކިކުރައްވައި، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. އަދި ފުލުހުންގެ މަދަނީ އިދާރާ ޤާއިމުކުރެއްވިއެވެ. “މޯލްޑިވްސް ޕޮލިސް ސާވިސް” ގެނަމުގައި މަސައްކަތްފެށީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގު ގައެވެ. ފެންނަމުން މިދަނީ، ކުރިން ނުފެންނަފާޑުގެ ބައެއް އިސްލާހު ތަކެވެ. މިއިސްލާހު ތަކުގެ ފަޚުރު ޖަލުގައި ތިބެގެން އަޅުގަނޑުމެން ގެންދިޔައީ ހިތުގެއަޑިން ލިބިގަންނަމެވެ. އުފާފާޅުކުރަމުންނެވެ.
4 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރުގެ އެހީތެރިއަކަށް ހުންނަވާ އޮފިސަރު ޝާހިދު (މެޑިކު ޝާޑް) ދުރުވެ، ޑޮކްޓަރ އަޙްމަދު މުޙައްމަދު އަރިހަށް ނެރުނެވެ. މިޑޮކްޓަރަކީ އޯޑިއޯންގައި އިންނަވާ ޑިފެންސް މިނިސްޓްރީއަށް ޚާއްސަކުރެވިފައިވާ ޑޮކްޓަރެވެ. އަޅުގަނޑުގެ ލޭގެޓެސްޓެއް ކުޑަކުޑަ ގުލޫކޯ މީޓަރަކުން ހެއްދެވިއެވެ. ރެންޑަމްކޮށް ޝުގަރހުރީ، 172 ގައެވެ. މިއީ ވަރަށް ރަނގަޅު މިންގަނޑެކެވެ. މިކަމާ ހިތްހަމަ ޖެހުނެވެ. ޑޮކުޓަރު ހިތްވަރު ދެއްވިއެވެ. މިއީ ހައްޖުމޫސުމުގައި ފެންނާތީ ރައްޓެހި ޑޮކުޓަރެކެވެ.
ދުވަސްތަކެއް ކޮށްފައި މެންދުރެއްހާއިރު، މިއަދު ތަޙްޤީޤަށް ނެރުނެވެ. މިއީ މިބުރުގައި ތަޙްޤީޤަށްނެރޭ ތިންވަނަ ފަހަރެވެ. މިއީ ލޮޔަރެއްނެތި ވާހަކަދައްކާ ފުރަތަމަ ފަހަރެވެ. ފުރަތަމަ ވެސް އަޅުގަނޑަށް ދެއްކީ، ރައީސުލް ޖުމްހޫރިއްޔާ ސޮއިކުރައްވާފައިވާ ސްޓޭޓް އޮފް އިމަރޖެންސީ އިއުލާނު ކުރެއްވި ޤަރާރުގެ ފޮޓޯކޮޕީއެވެ. އެލިޔުން ކިޔާލިއިރުއޮތީ، އަސާސީ ޙައްޤުތަކާއި ވާޖިބުތަކުގެ މުހިންމު ޤާނޫނުތައް ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވާއި ހިފާއްޓަވާފައެވެ. ދެން އަޅުގަނޑަށް ޖެހުނީ ރަފްބަޔާނެއް ދޭށެވެ. ތަޙްޤީޤަށް ލޮޔަރަކާ ނުލައި އެއްބާރުލުން ދޭށެވެ. މިވީގޮތުން މިދުވަސްކޮޅު މިވަނީ ލޮޔަރެއްގެ ހައްގު ގެއްލިފައިކަން އެނގުނެވެ. އެހެންވުމާއެކު ބަޔާދޭން ޖެހުނީއެވެ. މިބަޔާންލިޔުނީ ނަވާޒެވެ. ޢަލީ އަޙްމަދު ބައްލަވަން އިންނެވީއެވެ.
މިއަދުގެ ވާހަކަތަކުގައި ބޮޑަށް ގެންދެވީ، ލޮނުޒިޔާރަތް ކޮޅުގެ އެއްވުންތަކުގެ ވާހަކަތަކާއި ޖަމާލުއްދީން ސްކޫލްގައި ޑިމޮކްރަސީ ކޭކުފެޅި ބައްދަލުވުމުގެ ވާހަކަތަކެވެ. ޖުމްހޫރީ މައިދާނުގެބައި އެހެން ދުވަހަކަށް ލަސްކޮށްލާފައި ބޭއްވީއެވެ. ނަވާޒު ރަފުކޮށް ލިޔުއްވި ބަޔާނުގައި ސޮއިކޮށް ލުމުން ތަޙުޤީޤުގެ ކަންތައް މިއަދަށް ނިންމާ ލެއްވީއެވެ. ދެން ގެނެސްލީ ހަމަހުރި ގޮޅިއަށެވެ. މިއަދު ޢަޞުރު ނަމާދަށް ފަހު، ގޮޅީގައި އިންދާ ފެންނަނީ، ބޭފުޅުންކޮޅެއް ޖަލުތެރޭގައި އުޅުއްވަނިކޮށެވެ. އަޅުގަނޑު ހައްޔަރުކޮށް ފައިހުރި، 17 ނަމްބަރު ގޮޅިއާ އަރާހަމަވުމުން، އެބޭފުޅުންގެ ތެރޭގައި އިސްކޮށް ފެންނަން ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ ތ.އަތޮޅުގެ މެމްބަރު ޙަސަން ޢަފީފަށް ގޮވާލާފައި މިގޮޅިއަށް ވެންނެވުމަށް އަޅުގަނޑު ދެންނެވީމެވެ.
މިކޮމެޓީއަކީ ޖަސްޓިސް މިނިސްޓްރީގައި މަޖިލީހުގެ ދެމެމްބަރުން ހިމެނޭގޮތަށް އުފައްދަވާފައި އޮންނަ، ޖަލުގެ ކަންތައްތައް ހިނގާނުހިނގާގޮތް ބައްލަވާ ކޮމެޓީއެވެ. މިބޭފުޅުންގެ ތެރޭގައި ޢަފީފުގެ އިތުރުން ތިއްބެވީ، ޤާޟީ އާދަމް ސަޢީދާއި އިސްޤާޟީ ޙުސައިން ރަޝީދު (ތުޅާދޫ) އާއި ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރު އައިންދީއެވެ. ޒުލަކަށް ޒިޔާރަތް ކުރައްވާހެން، ދުރުދުރުން ބައްލަވާ ލައްވާފައި ތިޔަހެން ވަޑައި ގަންނަވައިގެން ނުވާނޭ ދެންނެވުމުން މިބޭފުން އަޅުގަނޑުގެ ގޮޅިއަށް ވަންނަވައި ފިއެވެ. މިބޭފުޅުންނާއެކު ލޭޑީ ހުންނެވިއެވެ. ގޮޅީގެދޮރު ހުޅުވައިދެއްވީ ލޭޑީއެވެ. މަރްޙަބާ ދެންނެވުމަށް ފަހު، އަޅުގަނޑު ވަރަށްގިނަ ވާހަކަ ދެއްކީމެވެ. މުޅިސްޓޯރީ އެއްކޮށް ކިޔައި ދިނީމެވެ.
ކަނުބަނދެފައި ތަޅާލި ވާހަކައާއި އަދިވެސް މުޅިން ނުހިކޭ ފާރުކޮޅެއް ކަނައަތު ފައިގައި ހުރިވާހަކަ ދަންނަވާފައި އެތަން ދެއްކީމެވެ. އޭރުހުރީ ކުރަމަގާލި ލާފައެވެ. އެކުގައި މުޅިންރަނގަޅު ނުވެއެވެ. ކޮނޑުގައި އިންލަކުނުވެސް ދެއްކީމެވެ. އަދި ވެސް މިއިންނަނީ ނަފްސާނީ ގޮތުންނާއި ފިކުރީގޮތުން ގަދައަނިޔާގައި ކަމަށް ދެންނެވީމެވެ. އަދި ވެސް ފަންސޫރެއް، ޤަލަމެއް، ކަރުދާސް ކޮޅެއް، ނޫހެއް، އަދި ރޭޑިޔޯއެއްފަދަ އެއްޗެއް ނުދޭކަމަށް ދެންނެވީމެވެ.
ތިޔަބޭފުޅުން މިތަނަށް ވަޑައިގެންނެވިއޭ ކިޔާފަ އިތުރުކަމެއް ވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ. މިތަނަށް އަންނަ ވަފުދުތައް މިހާރު ތަޙުޤީޤަށް ނެރޭވަރަށް ވުރެގިނަ ވެއްޖެއެވެ. މިހާތަނަށް ތަޙުޤީޤަށް ނެރެފައިވަނީ އެންމެ، 3 ފަހަރެވެ. އެއަށްވުރެ އަޅުގަނޑު މެންނާ ބައްދަލުކުރި ވަފުދުތައް ގިނައެވެ. ރައީސް މައުމޫނު ފޮނުއްވައިގެން ދެމިނިސްޓަރަކު ވެސް ވަޑައިގަތެވެ. އެބޭފުޅުން މާލެވަޑައިގެން ހެއްދެވީ ރޯމަރުދޮގެވެ. އެނބުރޭ ފަންކާއެއް ލިބުނީ އެބޭފުޅުން ވަޑައިގެންނެވި ދުވަހަކީ ހޫނުގަދަ ދުވަހަކަށް ވާތީއެވެ. ﷲ އިރާދަ ކުރައްވައިގެން އެކަންތައް ފުރިހަމަވިއެވެ. އެނޫންކަމެއް އަދި މިހާތަނަށް ވެފައެއް ނެތެވެ. އަނެއްކާ ތިޔަބޭފުޅުން، މާލެ ވަޑައިގެން ދޮގުހައްދަވައި ރައްޔިތުންނަށް ޖަލުގެ ޙާލަތު އޮޅުވާލައްވައި ގެންނުވާނެއެވެ.
އީޔޫގެ މަތީފެންވަރުގެ ވަފުދެއް ވެސް، އަޅުގަނޑު މެންނާ ބައްދަލު ކޮށްފިއެވެ. އީޔޫން ރަނގަޅު ކަންތަކެއް ކޮށްދޭނެކަން ކަށަވަރެވެ. ތިޔަބޭފުޅުން ނަކީ ވެސް ސަރުކާރުގެ ރަސްމީ ވަފުދެކެވެ. މުޖްތަބާއާއި ވަޙީދުއްދީނު މެންގެ ހިޔުމަން ރައިޓްސް ގްރޫޕުވެސް މިތަނަށް ވަޑައި ގެންފިއެވެ. ވީއެއްވެސް ކަމެއްނެތެވެ. ހުސް އޮފުދާރު، ކޮސްމެޓިކް ދަޅަދެއްކުމެވެ. އަޅުގަނޑުމެން މިތިބެނީ އަނިޔާގައެވެ. ނަފުސާނީ ގޮތުންނާއި ފިކުރީގޮތުން ރަހީނުކޮށް ފައެވެ. ހުރިހާ ޙައްޤުތަކެއް ވަނީ ހިފޭއްޓިފައެވެ. ވެރިމީހާ ހައްދަވަނީ ހައްދަވާނެ ގޮތެކެވެ. މިވާހަކަތައް ދެންނެވުމުން ޖީސަސް ޢަފީފު ވިދާލުވެއްޖެއެވެ.
ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ފާޚާނާހުރީ ހުންނަންވާ ސާފުތާހިރުކޮށް ތޯއާއި ބޭސްފަރުވާގެ ކަންތައް ހަމަޖެހިފައި ހުރީ ރަނގަޅަށް ތޯއެވެ. ތިމަންނާމެން ބެލުންއޮތީ އެކަންތައް އެކަންޏެވެ. އަދި އިތުރަށް ވިދާޅުވިއެވެ. މިއީ ރައީސުލް ޖުމްހޫރިއްޔާ ރާއްޖޭގެ ޖަލުތަކުގެ ޙާލަތުބެލުމަށް އުފައްދަވާފައި ރިޔާސީ ކޮމެޓީއެކެވެ. ޖީސަސް ޢަފީފު މިމޭރުމުން ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ. އަޅުގަނޑު ނުރުހުމުގެ ގޮތުން ދެންނެވީމެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި އަނިޔާތައް ލިބެމުން ދަނިކޮށް ތިޔަކަންތައް ތިޔަބޭފުޅުން ރަނގަޅުކޮށް ދެއްވާނެގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެއްގޮތަކަށް ވެސް ނުވިސްނެއެވެ. މިއަނިޔާތަށް ލިބެމުންދާހާ ހިނދަކު، ރަނގަޅަށް ކައިބޮއި ރަނގަޅަށް ނިދާއި ރަނގަޅަށް ފާޚާނާކޮށް ހެދޭނެތޯއެވެ؟ ނުހެދޭނެކަން ޔަޤީނެވެ. ފުރަތަމަ އިސްކުރަން ޖެހޭކަންތައް ފުރަތަމައިނުން އިސްކުރައްވާށެވެ. މިވަފުދާ ދިމާވުމުން އަޅުގަނޑަށް ހުރެވުނީ ރުޅިގަދަ ވެފައެވެ.
އެހެންވީ ޖީސަސް ޢަފީފާއި މުޙައްމަދު ޝިހާބު މެންނަކީވެސް އަޅުގަނޑުމެންނެކޭ އެއްމިންވަރަކަށް މިކަމުގައި ބައިވެރިވެ އުޅުއްވި މީހުންނެވެ. އަޅުގަނޑުމެން ކުޑަގޮޅިއަށް ލާފައި މިބޭފުޅުން މިއަންނަނީ ރައީސް މައުމޫނުގެ ފަރާތުން ޖަލުގެ ޙާލަތާއި ކަންތައް ބަލާށެވެ. މިއީ ވަރަށް ހެއްވާ އިންސާފެކެވެ. ކުޑަގުޅަބޮޑުގުޅަ ވައްތަރު އިންސާފެވެ. ގާތްދަންނަ މީހާއަށް ބޮޑެތިގުޅައެވެ. އެހެންމީހުންނަށް ކުދިގުޅައެވެ. ތިޔަދައްކަވާ ވާހަކަތަކެއް އަޅުގަނޑު އަޑުއަހާކަށް ނެތީމޭ ދެންނެވީމެވެ. ތިޔަބޭފުޅުންނަށް ކޮށްދެވޭނެ ކަމެއް ނޯންނާނެއޭ ދެންނެވީމެވެ. އެންމެ ކުޑަމިނުން ޙަޤީޤަތް ހާމަކޮށް ރަނގަޅު ރިޕޯޓެއް ތައްޔާރުކޮށް ލައްވަން ވެސް ނުކެރޭނެއެވެ. ސަރުކާރު ދެކެ އިންތިހާއަށް ބިރުގަންނާނެއެވެ. ތިޔަބޭފުޅުންނަކީ، ރައީސް މައުމޫނު ބޭނުންކުރައްވާ ކޮސްމެޓިކް ސާމާނުތަކަކެވެ.
ބޭނުންފުޅުވާ ގޮތަކަށް ބޭނުންފުޅުވާ ކުލައެއް ތިޔަބޭފުޅުން ލައްވާ ޖެއްސޭނެއެވެ. ބޭރުދުނިޔެއަށް މިކަންތައްގަނޑުގެ މޫނުމަތި ރީތިކޮށް ފުށްޖައްސާފައި ދެއްކުމަށް ކުރާމަސައްކަތު ތެރެއިން، ތިޔަބޭފުޅުންނަކީ ވެސް ބައެކެވެ. ތިޔައި ރިފޯމޭކިޔައިގެން ދައްކާހުސް ވާހަކަތަކެވެ. ތިޔަބޭފުޅުންނަށް ވާނެކަމެއް، ކުރެވޭނެކަމެއް ނޯންނާނެއެވެ. މިހުންނެވި ޝައިޚް ޙުސައިން ރަޝީދަށް ރަނގަޅަށް، ﷲގެ އާޔަތްތަކާއި ރަސޫލާގެ ޙަދީޘްތައް އެނގިވަޑައި ގަންނަވާ އިރުވެސް އެއުޅުއްވަނީ ޔެސްމަނަކަށް ވެގެންނެވެ. ތިޔަބޭފުޅުންނަކީ ޔެސްމަނުންނެވެ. އާދެމަސާހިބުގެ އަޅުންނެވެ. ވިދާޅުވާގޮތަށް ކަންކުރަން މުސާރަދެއްވާފައި ތިބޭބައެކެވެ. އަމިއްލަ ޚިޔާލެއް އަރުވާކަށް ނުކެރެއެވެ. މަޝްވަރާއެއް އަރުވާކަށް ނުކެރޭނެއެވެ. އަބަދުވެސް ތިޔަތިއްބަވަނީ، އާދެ! އާދެ! ކިޔުއްވަ ކިޔުއްވައެވެ.
މިޖަލު އިސްލާހު ކުރެއްވުމަށް ވުރެންކުރިން، ރާއްޖޭގެ ޢަދާލަތާއި ޖަސްޓިސް ދާއިރާ އިސްލާހު ކުރެވޭތޯ ބެއްލެވިއްޔާ މާއިންސާފު ވެރިވާނޭ ކިޔާއި ހަޅޭލަވަލަވާ ހުއްޓާ މިބޭފުޅުން ގޮޅިން ނުކުންނަވައި ހިންގަވައި ގެންފިއެވެ. އަވަހަށް އެހެންމީހަކު މަގުފުރައްދަން ވަޑައިގަންނަވާށޭ ކިޔާފައި ޖީސަސްޢަފީފާ ސަލާމްކޮށްލައި ވާހަކަތައް ނިންމާލީއެވެ. ދެން މިބޭފުޅުން ދެންހުރި ގޮޅިއާ ދިމާއަށް ވަޑައިގެންފިއެވެ.
5 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 24 ވަނަ ދުވަހެވެ. މިއަދަކީ ޚާއްސަކަމެއް ނެތް ދުވަހެކެވެ.
6 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 25 ވަނަ ދުވަހެވެ. މާދަމާ ޑޮކުޓަރަށް ދައްކާލަން ބޭނުންވާނެ ވާހަކަ މިއަދު ޖަލުއޮފީހަށް އަންގާލީމެވެ. އޯކޭދެއްވިއެވެ.
7 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 26 ވަނަ ދުވަހެވެ. މިއަދު ޑޮކުޓަރ އަޙްމަދު މުޙައްމަދު އަރިހަށް ނެރުނެވެ. އޭނާ ބައްލަވާތަން ހަދާފައި ހުރިތަނަކީ، ފޭލިގެއެއްގައި އިންނަވައިގެން ބައްލަވާގޮތަށެވެ. އިތުރަށް ޑައިބެޓިކް ބޭސް ލިޔެދެއްވިއެވެ. އަދި މަލްޓިވިޓަމިންގެ ކެޕްސޫލެއް ލިޔެދެއްވިއެވެ. ޑޮކުޓަރު ވަރަށް ރަނގަޅެވެ. ފެންނަކޮންމެ ދުވަހަކު ހެއްވާލައެވެ. އެއީ ވެސް މިހެން ހުންނައިރު ލިބޭ އުފަލެކެވެ.
8 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 27 ވަނަ ދުވަހެވެ. މިއަދަކީ ހަތަރުވަނަ ފަޖަރަށް ތަޙުޤީޤަށް ނެރުނު ދުވަހެވެ. މިއަދު ކުރަމުން ގެންދިޔަ ސުވާލުތަކަކީ ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތަކުގެ ސުވާލުތަކެވެ. އެތަނަށް ދާންޖެހުނު ގޮތާއި ގޮސްކުރި ކަންތަކުގެ ސުވާލުތައްއް ކުރިއެވެ. މިކަންތަކުގައި އަޅުގަނޑުދެއްކި ވާހަކަތަކުގެ ރަފުބަޔާނެއް ނަވާޒު ނެންގެވިއެވެ. ތަޙްޤީޤުގައި ތިއްބެވީ ޢަލީ އަޙްމަދާއި ޝާޠިޙެވެ.
މިބަޔާނުގައި ލުޔެފައިވަނީ އިބުރާމެން ގެއިން ހުރިހާ މެމްބަރުން ނުކުންނެވީ، ސަމަރޭ، ގާސިމަށް ފޯނުކުރައްވާފައި ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ޚާއްސަ މަޖިލީހުގެ ބޭފުޅުން ޖުމްހޫރީ މައިދާނަށް ވަޑައިގެން، އެތަނުގައި އެއްވެފައި ތިބިމީހުން މައިތިރިކޮށް ގެއަށް ފޮނުވާލުމަށޭ ވިދާޅުވުމުންނެވެ. މިކޯލަށް ފަހު، އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ދިޔައީ، ޖުމްހޫރީ މައިދާނަށް ދާންހިނގާށޭ ޤާސިމް ވިދާޅުވެ އެންގެވުމުންނެވެ. މިވާހަކަ ތަކާއެކު ރަފުބަޔާނުގައި ސޮއިކޮށް ލުމުން މިއަދަށް ތަޙުޤީޤު ނިންމާލައްވައި އަޅުގަނޑު ގެނެސް ގޮޅިއަށްލީއެވެ.
9 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް ޖަލުގައި ހުންނަތާ، 28 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ.
14 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 33 ވަނަ ދުވަހެވެ. މިދިޔަ، 4 ދުވަހު ޚާއްސަ ކަމެއް ހިނގާފައެއް ނެތެވެ. ދުވަސްތައް އެއްކަމެއްގައި ހޭދަކޮށް ތަކުރާރު ކުރީއެވެ. މިއަދު ޑޮކްޓަރ އަޙްމަދު މުޙައްމަދު ކައިރިއަށް ބޭރަށް ނެރުނެވެ. ބްލަޑުޝުގަރ އަށް ޓެސްޓްކޮށް ބެލިއިރުހުރީ، 145 އެވެ. މިކަމާ ޑޮކްޓަރ ވެސް އުފާކުރެއްވިއެވެ. އަދި އަޅުގަނޑު ވެސް ވަރަށް އުފާވިއެވެ. މިވަރުގައި އަބަދުވެސް ހިފާއްޓާލެވޭތޯ މަސައްކަތް ކުރުމަށް އަޅުގަނޑަށް ނަޞޭޙަތްތެރި ވިއެވެ. އަޅުގަނޑަކީ ވަރަށް ހަމަޖެހިގެން އުފަލުގައި ބަންދުގައި ހުންނަ މީހަކަށް ވާތީ ނަފުސާނީގޮތުން މާބޮޑުއަސަރުތަކެއް ހަށިގަނޑަކަށް ނުކުރެއެވެ. އަބަދުވެސް މުސްތަގުބަލުގެ އުޖާލާކަމަށް ވިސްނާތީ ހުންނަނީ ފޯރީގައެވެ. ސިޔާސީ މަސްރަޙަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ޑޮކްޓަރ އިންނެވީ އަޅުގަނޑާ ވަރަށްގަޔާ ވެފައެވެ. ވާހަކަ ދައްކާލައްވަން ބޭނުން ވެފައެވެ.
ސިޔާސީ ވާހަކަތައް އަޅުގަނޑާ ހިއްސާކޮށް ލައްވާހިތް ޕުޅުންކަން މޫނުމަތިން އެނގެއެވެ. ދެފަހަރަކު ކިހިނެތްތޯއޭ އައްސަވާ ލައްވާފައި، ޒާހިޔާޒަރީރު ވަޒީރަކަށް ވެގެން އުޅުއްވާތަން، ޓީވީން ފެނުނު ވާހަކަ ވިދާޅު ވެއްޖެއެވެ. އަދި އޭނާގެ ފިރިމީހާ މިހާރުހުންނެވީ ވަރަށް ހިއްކާލާފައޭ ޑޮކްޓަރ ވިދާޅުވުމުން މިވާހަކަ އަޅުގަނޑަށް ވަރަށް ރަނގަޅަށް ނަގައިގަނެ ވިއްޖެއެވެ. އޭނާބަލަނީ ޑޮކްޓަރ ކަމަށް ވިދާޅުވިއެވެ. ޑޮކުޓަރުންނަށް ސިޔާސީޚަބަރެއް ދެވޭނީ އެގޮތަށްކަން ވިސްނުނެވެ. އިލްޔާސް ވެސް ތިޔަދަނީ ރަނގަޅު ޑައިޓަކަށޭ، ދެން ތިޔަށްވުރެ ފަލަވިޔަ ނުދެއްޗޭ ވިދާޅުވިއެވެ.
ސަރުކާރަށް ބޮޑެތިބަދަލުތައް އަންނަކަމާއި އަޅުގަނޑަށް ހިތްވަރުލިބޭކަހަލަ ބަސްތައް ވިދާޅުވެ ދެއްވިއެވެ. ރައީސް މައުމޫނު އެޅުއްވި އިސްލާހީ ފިޔަވަޅު ތަކުގެ ޚަބަރު އެންމެ ފުރަތަމަ އަޅުގަނޑަށް ލިބުނީ މިގޮތަށެވެ. ޑޮކްޓަރ އަޙްމަދު މުޙައްމަދަކީ، ރައީސް މައުމޫނު އަރިހުގައި ރާއްޖެތެރެއަށް އަޅުގަނޑު ދަތުރުކޮށް އުޅުނުއިރު ވަރަށްގާތް ރައްޓެހި ބޭފުޅެކެވެ. ރައީސް މައުމޫނުގެ ޚާއްސަ ޑޮކްޓަރަކަށް ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވަނީ މިބޭފުޅާއެވެ. އަނެއްހެން ވެސް އަޅުގަނޑު މެންނަކީ ބޭނުން ވާހަކައެއް ދައްކާލެވޭވަރުގެ ގާތްމީހުންނެވެ. މައްކާމަދީނާއިން ހައްޖުމޫސުމުގައި ވަރަށް ބައްދަލުވި ބޭފުޅެކެވެ. ކުޑައިރުކޮޅަކު މިފަދަވާހަކަ ތަކުގައި މަޖާކޮށް ލުމަށް އަރިހުގައި ބޭންދުމަށްފަހު، ނިންމާލެއްވީ ދެންއާދެވޭނެ ހެނެއް ހިޔެއްނުވޭ ވިދާޅުވެފައެވެ. ދެން މެޑިކްއަކަށް އުޅުއްވާ އޮފިސަރު، ޝާޑު އަޅުގަނޑު ގެންދިޔައީ ގޮޅިއަށެވެ.
15 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 34 ވަނަ ދުވަހެވެ. މަހަކަށް ވުރެންގިނަ ދުވަސްވީއެވެ. ތަޙުޤީޤުގެ ކަންތައް މާބާރަށް ކުރިޔަކަށް ނުދެއެވެ. އަޅުގަނޑުގެ ލޮޔަރަކަށް ހަމަޖެއްސި އަޙްމަދު މުޢިޒްއާ އަދިވެސް ބައްދަލެއް ނުވެއެވެ. ހީވަނީ އަދިވެސް ކާފިއޫ ހިންގާފައި އޮތީމާ އެޙައްޤުތަކުން މަޙުރޫމްވެފައި އޮތީހެންނެވެ. އީޔޫ އިން އަޅުގަނޑު ގާތުގައި މިކަންވީހާ އަވަހަށް އުވާލަދެވޭތޯ ސަރުކާރަށް ބާރުއަޅުއްވައި ޕްރެޝަރު ކުރައްވާނެ ވާހަކައޮތީ ވިދާޅުވެފައެވެ. މިފަދަ ކަންތައް ހަމަނުޖެހި ލަސްވުމުގެ މާނައަކީ، ސަރުކާރުން ފިޔަވަޅެއް މިއަޅުއްވަނީ، ކޮންމެކަމެއް ވެސް މަޖްބޫރު ވުމުންކަމެވެ.
16 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 35 ވަނަ ދުވަހެވެ. މިއަދަކީ ޖަލުތެރޭގައި އެއްވެސް ކަމެއް ހިނގި ދުވަހެއް ނޫނެވެ. އެހެނަސް މިއަދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެޕާލަމަންޓުން ރާއްޖެއާ ދެކޮޅަށް ޤަރާރެއް ފާސްކުރިޚަބަރު ލިބުނެވެ. އެޤަރާރުގައި ވަނީ، ކުއްލިނުރައްކަލުގެ ޙާލަތު (ކާފިއޫ) ވަގުތުން ނިމުމަކަށް ގެނެސް ރައްޔިތުންގެ އަސާސީ، އިންސާނީ ޙައްޤުތައް ކަށަވަރުކޮށް ދިނުމަށާއި އިޞްލާޙުތަކަށް ގޮވައިލައިގެން ހައްޔަރުކުރި މީހުން، ދޫކޮށް ލުމަށެވެ.
10 މާއްދާއެއްގެ މައްޗަށް އެކުލެވުނު މިޤަރާރުގެ، 5 ވަނަ މާއްދާގައި އޮތީ، “ޔޫރަޕިއަން ކޮމިޝަނަށާއި މެމްބަރު ޤައުމުތަކަށް ގޮވާލަނީ، އިންސާނިއްޔަތަށް ޓަކާ، ކޮންމެހެން ބޭނުންވާ އެހީ ފިޔަވާ ހުރިހާ އެހީއެއް ރާއްޖެއަށް ދިނުން ވަގުތުން ހުއްޓާލުމަށާއި ދިވެހި ސަރުކާރުގެ މެމްބަރުންނާއި އެހެން ރަސްމީ ފަރާތްތަކުން ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ޤައުމުތަކަށް ދަތުރުފަތުރު ކުރުން ބަންދުކުރުމަށެވެ.”
9 ވަނަ މާއްދާގައި ވަނީ، “ދިވެހި ސަރުކާރުގައި އެދެނީ ޑިމޮކްރަސީއަށް ތާއީދުކޮށް އިޞްލާޙީ ބަދަލުތަކަށް ގޮވާލާ ފަރާތްތަކައި ބައްދަލު ކުރުމުގެހުއްދަ ޔޫރަޕިއަން ޔޫނިއަންގެ ވަފުދުތަކަށް ދިނުމަށެވެ.”
10 ވަނަ މާއްދާގައި ބުނަނީ، “ޔޫރަޕިއަން ޔޫނިއަންގެ ރައީސަށް އިރުޝާދުދެނީ، މިޤަރާރު ޔޫރަޕިއަން ކޮމިޝަނަށާއި ކައުންސިލަށާއި އދ.ގެ ސެކްރެޓަރީ ޖެނެރަލަށާއި ކޮމަންވެލްތަށާއި އެމެރިކާ ސަރުކާރަށާއި ދުނިޔޭގެ ޓުއަރިޒަމް މައިމަރުކަޒަށާއި ޓުއަރިޒަމާބެހޭ ހުރިހާ ޖަމާޢަތްތަކަށާއި ވައިގެ ދަތުރުފަތުރާބެހޭ ބައިނަލް އަޤްވާމީ ޖަމުޢިއްޔާ (އަޔާޓާ / އޭޓީއޯއެލް) އަށާއި ލައިސަންސް ދެވިފައިވާ ހުރިހާ ޓުއައޮޕަރޭޓަރުން ނަށާއި އެއަރލައިން ތަކަށާއި އިންޑިޔާ ސަރުކާރަށާ، އަދި ސާކުޤައުމުތަކުގެ ސަރުކާރުތަކަށް އެންގުމަށެވެ.”
އީޔޫ ޕާލަމަންޓުން މިޤަރާރު ފާސްކުރީ، 177 މެމްބަރުންގެ ތެރެއިން، 170 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެއްވެސް މެމްބަރަކު ޤަރާރަށް ދެކޮޅު ނުހައްދަވާއިރު، 7 މެމްބަރުން ވޯޓު ދެއްވީ ވަކިގޮތަކަށް ތާއީދު ނުކުރައްވައެވެ. މިނިސްޓަރ ޙަސަން ޞާބިރު، ހެސްކިޔާފަ ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ މިއެވެ. ސަރުކާރަށް ލިބިގެން ދިޔައީ ސުމަކުން ސުމެކެވެ. މިފުރުސަތުގައި އިސްލާހީ ހަރަކާތުގެ ބައިވެރިން ބޭރުގައި ތިއްބަވައިގެން ކުރެއްވި އަގުހުރި މަސައްކަތްތައް ޖަލުގައި ހުރެގެން ހަނދާންކޮށް ހިތުގެއަޑިން އެބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. ހީވާގިކެރޭ އަންނިއަށާއި އޭނާގެ ޓީމަށާއި ސަންދާނު ލުތްފީއަށާއި ޑޮކްޓަރ ވަހީދަށް ފަށްފަށުން ޝުކުރުވެރި ވީމެވެ. ޖަލުގައި ތިބެގެން ތިޔަބޭފުޅުންގެ އަގުހުރި ކަސައްކަތްތައް ހަދާންކޮށް ހިތުގެ އަޑިން ހެޔޮދުޢާތައް ރައްދުކުރަމެވެ. ﷲ އަޅަމެންނަށް ނަޞްރު ދެއްވާށިއެވެ! އާމީން!
17 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 36 ވަނަ ދުވަހެވެ. ރަސްމީ ބަންދު ދުވަހަކަށްވާތީ ގޮޅީގައި ތިބީއެވެ. އެއްވެސް ޚާއްސަކަމެއް ނެތެވެ.
18 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 37 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގާ ދުވަހެކެވެ.
19 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 38 ވަނަ ދުވަހެވެ. ސަރުކާރުގެ ބައެއް މުހިންމު މަޤާމުތަކަށް ބަދަލު ގެންނެވި ޚަބަރު މިއަދު ލިބުނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، އަބްދުﷲ ޙަމީދު ވަކިކުރައްވައި އެމަޤާމަށް ސީނާ އަޙްމަދު ޒާހިރު ހަމަޖެއްސެވިއެވެ. މިއީ އެންމެބޮޑަށް އަޅުގަނޑުމެން ގޮވަމުން ގެންދިޔަ އެއްކަން ތަކެވެ. ނަސްރުގެ ގަޑިޖެހުނީއެވެ. ޙަމީދުގެ ޢަމަލުފުޅުތައް މަޖިލިސް ތަޅުމުގައި ބަހައްޓަވާ ގޮތުން އެމަޤާމުގައި ހުންނެވުމަކީ، އިސްލާހީ ހަރަކާތުގެ ބައިވެރިން ރުހޭކަމެއް ނޫނެވެ.
އާދެ، ޙަސަން ޞާބިރާއި އަންބަރީ އަބްދުއްސައްތާރު ސަފީރުންގެ ގޮތުގައި ބޭރުޤައުމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ހަމަޖެއްސެވިއެވެ. އަދި ސަމަރުބްލޫ އިބްރާހީމް ޙުސައިން މަނިކު ޔޫތު މިނިސްޓްރީއަށް ހަމަޖެއްސެވިއެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީ އަނީސާ އަޙްމަދާ ހަވާލު ކުރެއްވިއެވެ. މިބަދަލު ތަކަކީ، ބައިނަލް އަޤްވާމީ މުޖްތަމަޢަށް ދައްކާލެއްވުމުގެ ގޮތުން ގެންނަވަން ޖެހުނު ބޮޑުބަދަލެކެވެ. މިއީ އަޅުގަނޑުމެން އަޑުއުފުލަމުން ގެންދިޔަކަމެއް ހަގީގަތަކަށް ވެގެންދިޔަ ދުވަހެވެ. ރައްޔިތުން މަޖިލީހުގެ ރައީސަށް ބަދަލު އައިދުވަހެވެ. ހަމީދަށްވުރެ ސީނާޒާހިރު ކުޑަތަންކޮޅެއް ރަނގަޅު ވާނެތީއެވެ. އެހެނަސް މިއީ ވެސް ބަންޑާރަވެގެން އުޅެނިކޮށް ރިޒޯޓެއްދީގެން ނަގަބަންދުކޮށްފައި ހުރި މައުމޫނުގެ އަޅެކެވެ.
ލަންކާގައި ހުންނަވާ އެމެރިކާގެ ސަފިރުގެނާއިބައި ބައްދަލުކުރުން:
20 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 39 ވަނަ ދުވަހެވެ. މިއަދުހެދުނު ސަޔަށް ފަހު، ޖަލުއޮފީހުން އޮފިސަރަކު އައިސް ބޭރުމީހަކާ ބައްދަލުވުމަށް ބޭރަށް ނުކުމެވޭގޮތަށް ތައްޔާރު ވެލައިގެން ހުރުމަށް އެންގިއެވެ. ކާކާތޯ އަހާލުމުން ނޭނގޭ ބުނުއްވިއެވެ. އަތުގައިއޮތް ޖިންސާއި ޖަލުންދިން ޓީޝާޓް ލައިގެން ތައްޔާރަށް ހުއްޓާބަލާ އަތުވެއްޖެއެވެ. ނެރެގެން ގެންދިޔައީ ދޫނިދޫ އަތިރިމައްޗަށް ވާގޮތަށް ޖެޓީ ސަރަހައްދުގައި ހުންނަ އުނދޯލި ގެއަށެވެ. އެތަނުން ފެނުނު ބިދޭސީބޭފުޅާއާ ސަލާމްކޮށް ތަޢާރުފް ވެލުމުން، އޮޅުންފިލީ އޭނާއަކީ ކޮޅުބުގައި ހުންނަ އެކެރިކާ އެމްބަސީގައި ހުންނަވާ އިއްޒަތްތެރި އެމްބެސެޑަރުގެ ޑެޕިއުޓީ އެމްބެސެޑަރ ކަމުގައިވާ މިސްޓަރ ޖޭމްސް ކަމަށެވެ.
މިއަޑުއިވުމާއެކު ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ވަދެގެން ދިޔައެވެ. ވަރަށް އުފާވިއެވެ. ހިތްހަމަ ޖެހުނެވެ. އިތުރުހިނިތުން ވުމެއްމޫނު މައްޗަށް ވެރިވެގެން ދިޔައެވެ. ހިތްވަރާއި ޢަޒުމު އާލާވިއެވެ. ވަރުގަދަވިއެވެ. ކުޑަގޮޅީގައި ބަންދުގައިހުރި މީހަކާ، އެމެރިކާ ސަފީރުގެ ނައިބު ޖަލަށް ވަޑައިގެން ބައްދަލު ކުރައްވަނީއެވެ. އުފާވެރި ހިނދުކޮޅެކެވެ. އަރިހުގައި އިންނެވީ ފުލުހުންގެ އިސް އޮފިސަރެއް ކަމުގައިވާ، ޢަބްދުﷲ ރިޔާޒެވެ. ޖޭމްސް ވަޑައިގަތީ ގިނިކަންޏާއެވެ. އިތުރު ސެކްރެޓަރިއެއް ފަދަ އެހެން މީހަކު އަރިހުގައި ނެތެވެ. މިބައްދަލުމުން ކުރިޔަށް ދިޔައީ، ޖޭމްސް އާއި އަޅުގަނޑާއި ޢަބްދުﷲ ރިޔާޒުއާ ތިންމީހުން އެކަނި ތިބެގެންނެވެ.
މިފަހަރު، ފޮރިން މިނިސްޓްރީގެ ބޭފުޅަކު ނެތުމުން އަޅުގަނޑު ގަސްދުކުރީ ތަރްޖަމާނަކައި ނުލައި ސީދާ އަޅުގަނޑު ވާހަކަ ދައްކާށެވެ. ޢަބްދުﷲ ރިޔާޒު ޖެހިގެންހުރި ގޮނޑީގައި އަޑުއިވޭ ހިސާބުގައި އިންނެވިއެވެ. ތަޢާރުފުގެ ވާހަކަކޮޅަށް ފަހު، ޖޭމްސް ވިދާޅުވީ، މާލޭގައި ބޭއްވި އެމެރިކަން ފެއަރ އަކަށް ވަޑައިގެންފައި ތިޔަ އިއްޒަތް ތެރިންނައި ބައްދަލުވުމަށް އެދުމުން، ދިވެހި ސަރުކާރުން އެހުއްދަ ދެއްވީމާ ވަޑައިގަތީ ކަމަށެވެ. ދެން ހޫނުކޮށް މަރްޙަބާ ދެންނެވުމަށް ފަހު، އަޅުގަނޑާ ދޭރެގައި ސިފައިން ކަންތައްކުރިގޮތް ވަރަށް ތަފްސީލްކޮށް ކިޔައިދިނުމުން، ސުވާލު ކުރެއްވިއެވެ.
ޖަލަށް ގެނެވުނީ ކޮންތަނެއްގައި ހުއްޓާހެއްޔެވެ؟ ޖުމްހޫރި މައިދާނުން ހައްޔަރު ކޮށްގެންހެއްޔެވެ؟ އަޅުގަނޑު ނޫނެކޭ ދަންނަވާފައި، ގޭގައި ތުއްތުކުދިންނާއި އަނބިމީހާ ގާތުގައި ޓީވީބަލަން އިންދައި ގެއަށް ސިފައިންގޮސް ގެނައިކަމާއި އިތުރުވާހަކަތައް ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ. ގިނަބަޔަކަށް ސިފައިން އަނިޔާކުރިތަން ފެނުނުކަމަށާއި އަޅުގަނޑަށް ކުރިއަނިޔާތަކުގެ ތަފުސީލު ކިޔައިދިނުމަށް ފަހު، ފައިގައާއި ކޮނޑުގައި ހުރިލަކުނު ދައްކާފައި ހުރިހާވާހަކަތަކެއް ވަރަށް ތަފުސީލުކޮށް ކިޔައިދިނީމެވެ. ބައެއް އިއްޒަތްތެރި މެމްބަރުންނަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓުން ފެންވަރުގެ ސިޔާސީ ބޭފުން ކަނުބަނދެ އަނިޔާކުރި ވާހަކަތައް ކިޔައިދިނީމެވެ.
ބައެއް އަންހެނުންނަށާއި ބައެއް ފިރިހެނުންނަށް ޖިންސީގޮތުން ގޯނާކުރިކަމަށާއި އެކަންތައް އަޅުގަނޑަށް އެނގިފައި ވާގޮތަށް އެއްވެސް ހުރަހަކާނުލާ، މީހުންގެ ނަންތަކާއި ހެދިގޮތްތަކާއެކު ކިޔައިދިނީމެވެ. ގޮޅިތަކުގެ ޙާލަތުހުރިގޮތް ކިޔައިދީފައި އަޅުގަނޑުގެ ގޮޅިއަށް ޒިޔާރަތް ކުރެއްވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމުގައި ދެންނެވީމެވެ. އަޅުގަނޑު އަދާކުރަމުން ގެންދިޔަ ވަޒީފާއިން، ވަކިކޮށްލީ ޖަލުގައި ބަހައްޓައިގެން ކަމާއި އެކަންކުރީ އިންސާނިއްޔަތާއި ރާއްޖޭގެ ގާނޫނުތަކާ ޚިލާފަށް ކަމަށް ދެންނެވީމެވެ.
އަދި ރާއްޖޭގައި އަލަށް އުފެއްދި މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބޭފުޅުން ޖަލަށް ޒިޔާރަތްކުރި ދުވަހު މިކަމުގެ ޝަކުވާއާއި އަނިޔާކުރިކަމުގެ ޝަކުވާ ރަސްމީކޮށް އެބޭފުޅުންނަށް ހުށަހެޅީމެވެ. އެހެނަސް މިއަދާހަމައަށް އެއްގޮތަކަށް ވެސް އަޅައެއް ނުލައްވައެވެ. މިކަމަށް އެޅުއްވެން އޮތްފިޔަވަޅެއް އެމްބަސީގެ ފަރާތުން ސަފީރަށް ދަންނަވައިގެން އެޅުއްވުމަށް މިދަންނަވަނީ، ރާއްޖޭގައި މިކަމަށް ތިއްބެވި ބޭފުޅުންގެ އެއްވެސް ޚަބަރެއް ނުވާތީއެވެ. އަދި ހައްޔަރުގައި މިތިބެނީ ވަރަށް އަނިޔާގައި ކަމަށް ދެންނެވީމެެވެ. އަޅުގަނޑަކީ ގާނޫނުހަދާ މަޖިލީހުގެ މެންބަރަކަށް ވެފައި ޖަލްސާތަކުގެ އެއްވެސް ޚަބަރެއްނުދޭ ކަމަށް ދެންނެވުމުން، ފުރަތަމަ ދުވަހު މަޖިލީހުގައި ވީގޮތް އެއްސެވިއެވެ.
އެދުވަހުގެ ޖަލްސާގައި ހިނގިކަންތަކާއި ވޯޓުގެ މައްސަލަ ހިނގާދިޔަގޮތާއި އަޅުގަނޑާއި އިތުރު ދެމެމްބަރަކު ވެގެން އެމައްސަލަ ޝަރުޢީކޯޓަށް ވެއްދުމުން، ބަލައިނުދިން ވާހަކަވެސް ކިޔައިދިނީމެވެ. އަޅުގނޑު ޖަލަށްލުމަށް ފަހު، ސަރުކާރުގެ ވަޒީފާއިން ކަނޑާލީ މިކަމުގެ ޒާތީ ޙަސަދައިންނޭ ދެންނެވީމެވެ. މިވާހަކަތަކަށް ފަހު، ކިޔަވައި ނިމިގެން ރާއްޖެއަށް، އަޅުގަނޑު އައިގޮތަށް މިއަދާހަމައަށް މިގެންދަނީ، ރާއްޖޭގައި ހަމަހަމަކަން ގެނައުމުގެ ރިފޯމަށް މަސައްކަތް ކުރަމުންކަމަށް ދެންނެވީމެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ތަޢާރުފްކޮށް މަލްޓިޕާޓީ ސިޔާސަތު ގެނެވޭތޯ ވަރަށް ގިނަމަސައްކަތް މިހާތަނަށް ކުރެވިއްޖެކަމާއި ސިޔާސީޕާޓީއެއް އުފެއްދުމަށް، 1994 ވަނަ އަހަރުން ފެށިގެން ސަރުކާރަށް ހުށަހަޅައިގެން އުޅެއުޅެވެސް ރަސްމީ ސިފައެއްގައި އެހުއްދަ ނުދެއްވީމާ، އަޅުގަނޑު މެންނަށް ޖެހުނީ ރާއްޖޭން ބޭރުގައި ޕާޓީއެއް އިއުލާނުކޮށް އެމަސައްކަތް ފަށާށެވެ.
އަދިވެސް މިރާއްޖޭގައި ސިޔާސީޕާޓީ ހިންގުންވަނީ ސަރުކާރުން މަނާކޮށްފައެވެ. ދަންވަންތޯއެވެ. އެހެނަސް ގާނޫނު އަސާސީން، ސިޔާސީޕާޓީ އުފެއްދުން ހުއްދަކުރެއެވެ. މިވާހަކަތައް ކިޔައިދިނުމުން އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. ތިޔަމަސައްކަތަކީ ކޮންމެވެސް ބަޔަކު ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވެދެއްވިއެވެ. މިހުރިހާ ވާހަކަތަކެއް އަކުރުން އަކުރަށް އިއްޒަތްތެރި އެމްބެސެޑަރަށް ކިޔައިދެއްވާނަމޭ ވިދާޅުވިއެވެ. ދެން އިތުރަށް ތިމަންނާއަށް ކޮށްދެވޭނީ ކޮންކަމެއްތޯ ސުވާލުކުރެއް ވުމުން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ އޮތީ އެންމެއެދުމެކެވެ.
އެ އެދުމަކީ، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން އަޅުގަނޑުމެން ކުރަމުން މިގެންދާ މަސައްކަތް މިނިވަންކަމާއެކު ރާއްޖޭގެ ފަސްގަނޑުގައި ކުރެވޭނެގޮތް ހަޖައްސައި ދެއްވާއި މިރާއްޖެއަށް ފުރިހަމަ މިނިވަންކަމާއި ލިބަރަލް ޑިމޮކްރަސީ ގެނެވޭނެ ގޮތަށް، މަލްޓިޕާޓީ ސިޔާސަތު ހިންގައި ފުރިހަމަ ކުރުމަށް ސަރުކާރުން އަޅަމުންގެންދާ ހުރަސްތައް ނެތިކޮށްލާއި އަޅުގަނޑު މެންގެ ރިފޯމް ހަރަކާތް ރާއްޖޭގައި ހިންގޭނެ މަގުފަހިކޮށް ދެއްވުމުން ހުރިހާކަމެއް ފުރިހަމަވީއޭ ދެންނެވީމެވެ. އެމިނިވަންކަން ލިބުމުން، ރައްޔިތުންގެ ބިރުފިލާއި އެމީހުންގެ މުސްތަޤްބަލު އެމީހުން އަމިއްލައަށް ހަމައަކަށް އަޅުވާނެކަން ޔަޤީވާކަމުގައި ދެންނެވީމެވެ.
އެމެރިކާ، ކެލިފޯނިޔާގައި ހުންނަ ސްޓަންފަރޑް ޔުނިވަރސިޓީން ޑޮކްޓަރޭޓް، ނަންގަވައިގެން ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ކަމުގައިވާ، ޑޮކްޓަރ މުހަންމަދު ވަހީދަ ހަސަން މަނިކަށް ސަރުކާރުން ހައްދަވާލިގޮތް ކިޔައިދިނީމެވެ. ސިޔާސީ ގޮތުން ޖެއްސި ދުއްތުރާތައް ކިޔައި ދިނީމެވެ. ބިންބިފޯސް ނެރެގެން އޭރުމަޖިސްލިސް ތެރޭގައި އޮތްރިފޯމް ޙަރަކާތް މަރާލުމަށް، ސަރުކާރުން ގަސްދުގައި ސްޓޭޓުން ފަންޑުކޮށް ކުރި މަސައްކަތްތައް ކިޔައިދިނީމެވެ. އެބުރުގައި އެދުވަސްވަރު، 1990 ވަނަ އަހަރު ތެރޭގައި އަޅުގަނޑު މެންނަށް ހެސްކިޔާފަ އަނިޔާކުރިކަން އެމްނެސްޓީއަށް އެނގޭނެކަމަށް ދެންނެވީމެވެ. އެއީ އެންމެ ފުރަތަމައިން ދިވެހިންނައި ބެހޭގޮތުން އެމްނެސްޓީން ނެރުނު ފުރަތަމަ ރިޕޯޓެވެ. އެކަމާ ގުޅިގެން އެމްނެސްޓީން ފުރިހަމަ ރިޕޯޓެއް ނެރުނެވެ. އަޅުގަނޑު މެން ޖަލުގައި ތިބެގެންނާއި އެކިގޮތްގޮތުން އެޚަބަރުތައް ބޭރުކުރީއެވެ.
އަދި ވީހާއަވަހަށް އަޅުގަނޑުމެން މިނިވަންވެ ރިފޯމުގެ މަސައްކަތް މެދުނުކެނޑި އަނބުރާ ފެށޭނެގޮތް ހައްދަވައި ދެއްވާށޭ ދެންނެވީމެވެ. ރާއްޖޭގައި ހިންގާފައި މިއޮތް ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން އަޅުގަނޑު މެންނަށް މިއަދާހަމައަށް މިތިބީ ލޮޔަރެއްގެ ޚިދުމަތް ނުދީއެވެ. މިހެން ބައިތިއްބާފައި ރޭގަނޑެއްގައި ކޯޓަށް ގެންގޮސް ހުކުމް އިއްވުމަކީ އެކަށީގެންވާ ކަމެކެވެ. 1990 ވަނަ އަހަރު އެކަންކުރީ އެގޮތަށެވެ. ސަރުކާރުގެ ބޭނުމަކަށް ވާނީ، ކުރީފަހަރު ހެދިގޮތަށް ކުޑަގޮޅިން ނެރެގެން ކޯޓަށް ގެންގޮސް އަނބުރާ ޖަލަށް ދިގުހުކުމެއް އިއްވާލުމެވެ. އަޅުގަނޑު ކިޔައިދިން، މިހުރިހާ ވާހަކަތަކެއް ވަރަށް ތަފްސީލުކޮށް ޖޭމްސް، ނޯޓުކުރެއްވިއެވެ.
އަދި ތިޔަކަންތައް ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަފީރަށް ދަންނަވައިގެން ކޮށްދޭނެކަމަށް ޖޭމްސް ވިދާޅުވިއެވެ. ދެން އަޅުގަނޑު އިތުރަށް ދެންނެވީމެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މިދިޔަ އަހަރުގެ އަހަރީރިޕޯޓު އަޅުގަނޑު ދުށްކަމަށާއި ރާއްޖޭގެ ރިފޯމް މަސައްކަތަށް އެމެރިކާއިން ދެމުންގެންދަވާ ސަމާލުކަމަށް ޓަކައި ހިތުގެއަޑިން ޝުކުރު ދަންނަވަން ޖެހޭކަމަށާއި އެމެރިކާއަށައި ތިޔަބޭފުޅުންނަށް ޝާބަސް ދަންވަމޭ ދެންނެވީމެވެ. ދެން މިހާހިސާބުން ޖޭމްގެ ޖީބުން އޭނާގެ ވިޒިޓިންކާޑު ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވައި މިނިވަންވީމާ އޭނާއާ ބައްދަލުވުމަށް އެދިވަޑައިގަތެވެ.
މިހުރިކާ ކަމެއް ހިނގާދިޔައިރު ޢަބްދުﷲ ރިޔާޒު ވަރަށްމަޑުން އިންނެވިއެވެ. އެއްޗެކޭ ވިދާޅެއް ނުވެއެވެ. އަޅުގަނޑަށް، ޖޭމްސް ދެއްވި ވިޒިޓިންކާޑު ނަސީބަކުން، އަޅުގަނޑު އަތުން އަތުލައްވާކަށް ނޫޅުއްވިއެވެ. މިހާހިސާބުން، އެމެރިކާ ވަށްތަރަށް ބައްދާ ސަލާމް އެއްކޮނޑަށްކޮށް ލުމަށްފަހު، މިބައްދަލުވުން ނިންމާލާއި ދެމީހުން ވަކިވީ، ވަރަށް އުފަލާއެކުގައެވެ. ހިނިތުންވުމާ އެކުގައެވެ. ވަރަށް ހަވީރު ވަގުތެއްގައި މިސްޓަރ ޖޭމްސް، 1 ނަމްބަރު ޖަލުތެރެއަށް ވެންނެވިތަން ފެނުނެވެ. އެހެނަސް މާގިނައިން ގޮޅިތައް ކުރިމަތިން ހިންގަވާކަށް ނުހައްދަވައެވެ. ދުރުން ބައްލަވާ ލައްވާފައި އެނބުރި ވަޑައިގަތީއެވެ. އަޅުގަނޑު އޭނާއަށް ފެންނަވަރެއް ނުވިއެވެ.
އާދެ! ޖަލުގެ ކަންތައް މިހާހިސާބަށް ދިޔައިރު ކަންތައް ހުރިގޮތަކީ މިއެވެ. ގިރިފުށިން އާގުރޫޕެއް އެއް ނަމްބަރު ޖަލަށް ގެނެވިފައި ވެއެވެ. އެތަން މިތަނުގައި ބަންދުކޮށްގެން، ގެންގުޅުނު މީހުން، ދޫނިދޫއަށް އެއްތަން ކޮށްފިއެވެ. މިކަންހިނގީ މީގެ ދެތިންހަތަރު ދުވަސް ކުރިންކަމަށް ވެއެވެ. ފުރަހަނި ޝުޢައިބާއި ޢަބްދުލްޖަލީލް، އަބުޖީއާއި ޢިމްރާން، ބަކުރީއާއި މަރިޔަމް މަނިކެއާއި އެލީނާ އަހްމަދު އައްބާސް، ދޮންބިއާއި ދާދަރާ ނަސީމާއި ޙުސައިން، ޕޮޓޯގްރާފަރާއި ފައުޒީއާއި ފުއާދުޒާހިރާއި ނައުޝާދު، ނައުބެއާއި ޝާޒުވަލީދައި މިއެންމެން، އެއް ނަމްބަރު ޖަލުގައި ޖަމާވެއްޖެއެވެ. އެއަށްފަހު، ވަރަށް މަޖަލެވެ.
ބާރަށް އަޑުއިވޭ ވަރަށް ވާހަކަ ދެއްކުމާއި ކަންކަން ރާވައިގެން ކުރުމާއި މިކަހަލަ ބައިވަރު ކަންތައްތައް ފެށިއްޖެއެވެ. ސަންދާނު އަހަންމައިދީއަކީ ގިނަގޮޅިތަކަށް އަޑުއިވޭވަރަށް ބާރަށް ގިނައިން ވާހަކަދައްކާ ބޭފުޅެކެވެ. އަބަދުވެސް އަހަންމައިދީގެ އަޑުއިވޭނެއެވެ. ޝުޢައިބަކީ ކޮންމެ ވަޤުތަކު ބަންގިގޮވާ މީހާކަމުގައި ހަމަޖެހިއްޖެއެވެ. ޝުޢައިބު ވަގުތުވުމުން ބަންގިގޮވީމާ އެމީހެއްގެ ގޮޅީގައި އެމީހަކު ނަމާދު ކުރަނީއެވެ.
އަދި މިއާއެކު ދެނަމްބަރު ޖަލަށް، މުޙައްމަދު ފުޅާއި އައިސީއާއި ޅޮހީގޭ މާހިރާއި ނަޒާކީ އިބްރާހީމް ޒަކީއާއި ތްރީއޭ ޢަލީޝިޔާމާއި ޒިޔާދު، ޒިޔާއްޓޭއާއި ޙުސްނުއް ސުޢޫދު، މިއެންމެން ދޫނިދޫއަށް ގެނެވިއްޖެއެވެ. ކުރިން ތިބިތަނެއް ނޭނގެއެވެ. މާފުށީގައާއި ގިރިފުށީގައި ވެސް ބަޔަކު ގެންގުޅުނެވެ. އެކެއް އަނެކެއްގެ ޚަބަރުތައް ބަރާބަރަށް ގޮޅިތަކަށް ލިބެމުން ދެއެވެ. މިހާރަކަށްް އައިސް މަނާކަންތަކެއް ނުހުރެއެވެ.
އަދި މިއަދު، އޯގަސްޓް ބާރަތޭރައިގެ ޙާދިޘާއާ ގުޅިގެން މާފުށީޖަލުގައާއި ދޫނިދޫޖަލުގައި ހައްޔަރުކޮށް ފައިތިބި މީހުންނާއި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑްވްސް ފަރާތުން ބައްދަލު ކުރައްވައި، އެކޮމިޝަނަށް ފާހަގަކުރެވުނު ނުކުތާތައް ހާމަކުރައްވައި ނޫސްބަޔާނެއް ނެރުނެވެ. މިބަޔާނުގައި، 10 މާއްދާއެއް ވެއެވެ. ދެވަނަ މާއްދާގައި ބުނެފައިވަނީ، ދޫނިދޫގައި ހައްޔަރުކޮށް ފައިވާ، 59 މީހުންގެ ތެރެއިން، 19 މީހުންނާއި މާފުށީގައި ހައްޔަރުކޮށް ފައިތިބި، 21 މީހުންނާ ބައްދަލުކުރި ކަމަށެވެ. 5 ވަނަ މާއްދާގައި ހިމަނާފައިވަނީ، ގައިދީންނަށް ކޮށްފައިވާ އަނިޔާތަކުގެ ތަފްސީލެވެ. މިމާއްދާގެ، 5.5 ގައި ބައެއް ފިރިހެނުންނަށާއި އަންހެނުންނަށް ޖިންސީ ހާނީއްކަ ކުރައްވާފައިވާ ކަމުގައި އެފަރާތްތަކުން ބަޔާންކުރާކަން ފާހަގަކޮށްފައި ވެއެވެ. އެންމެ ފަހު މާއްދާ، 9 ގައިވަނީ މިފަދައިންނެވެ. ރާއްޖޭގެ މަސްރަހު ކުއްލި ނުރައްކަލުގެ ގާނޫނުގެ ދަށުގައި އޮތުމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ވަރަށްބޮޑަށް ކަންބޮޑުވާކަމެކެވެ. މިއީ ވަރަށް ބޮޑުވަރެކެވެ. އުންމީދު ކުރެވުނު ވަރަށްވުރެ މިބަޔާން ރަނގަޅެވެ.
21 ސެޕްޓެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 40 ވަނަ ދުވަހެވެ. ޖަލުތެރެއިން މަޢުލޫމާތު ލިބުނުގޮތުގައި މ.މާނެލް މޮހޮޖާއި މޮހޮޖުގެ ކޮއްކޮ ޙުސައިން އާއި އެލީނާ އަޙްމަދު ޢައްބާސް، ދޮންބިއާއި އެހެންބައެއް ގައިދީންގެ ބަޔާންތައް ވަނީނަގާ ނިމިފައެވެ. އަސްލު، 4 ކޮޕީގައި ވަނީ ސޮއިކުރުވާ ނިންމާފައެވެ. މިއަދު މެންދުރެއްހާއިރު ކުއްލިއަކަށް ފެނުނީ ކޮންމެ ގޮޅިއެއްގެ ކުރިމަތީގައި ސިފައިންގެ ބޭކަލަކު އައިސް ހުއްޓުނުތަނެވެ. ގޮޅިތެރޭގައި ބަންދުގައި ހުންނަމީހާގެ ހުރިހާ ހަރަކާތްތައް ބަލަމުން ގެންދިޔައެވެ. އެއަށްފަހު މާގިނައިރު ތަކެއް ނުކޮށް، ސިފައިންގެ ބޮޑުގުރޫޕެއް އައިސް ޖަލުތެރެއަށް ވަދެއްޖެއެވެ. މިޓީމުގައި އިސްކޮށް ތިއްބެވީ، ޝަމީމާއި ޝާމީއާއި ޝާޠިޙާއި ޢަލީ އަޙްމަދު މެންކަހަލަ ބޭކަލުންނެވެ.
ތަޙްޤީޤުގައި އުޅުއްވާ ބޭކަލުންނެވެ. މިގުރޫޕް ދެބަޔަކަށް ބެހިލާފައި ދެކޮޅުން ގޮޅިތަކަށް ވަންނަވަން ފެއްޓީއެވެ. ހުރިހާގޮޅި ތަކަށް ވެސް ވެންނެވިއެވެ. މިހާހިސާބުން މިފެށުނީ ވަރުގަދަ ރޭޑެއްކަން އަޅުގަނޑު މެންނަށް އޮޅުންފިލައި ފިއެވެ. ހުރިހާގޮޅިއެއް ފާސްކޮށްބަލާ ޗެކްކުރަނީއެވެ. ޑޮކްޓަރ ޙުސައިންގެ ގޮޅިން ފޮތަކާއި ޤަލަމެއް ފެނުނެވެ. މިއީ ޑޮކްޓަރ ޙުސައިން ވިދާޅުވާ ގޮތުގައި ލޭޑީ އިބްރާހީމް މަނިކު އޭނާއަށް ދެއްވި އެއްޗެކެވެ. މިޤަލަމާއި ފޮތް ބޭނުންކޮށްގެން ޑޮކްޓަރ ޙުސައިން ލިޔެފައިހުރި ނޯޓުތަކެއް އެގޮޅިން އަތުލައިގެން ގެންދިޔައެވެ. ޖެޏީއާއި ސަންދާން ނިސްރީން، ނިއްނި އައި މިދެމީހުން ތިބެނީ އެއްގޮޅިއަކަށް ލާފައެވެ. ޖެނީއާއި ނިއްނިއާ ދެމީހުންވެގެން ލިޔެތައްޔާރު ކޮށްފައިއޮތް ކޮމިކެއް އަތުލައިގެން ގެންދިޔައެވެ. އަދި ގޮޅިން ބޭރުގައި އެކަރުދާސްތައް ފޮޓޯނަގާ ހެދިތަން ފެނުނެވެ. ޖެނީމެންނަށް ޤަލަން ލިބުނުގޮތެއް ނޭނގެއެވެ. ހީވަނީ ލޭޑީ ދީގެން އުޅެނީ ހެންނެވެ.
ޖެނީމެން ވަރަށް ގިނައިން ބޭރަށް ނެރޭތަން ފެނިގެން އަހާލީމާ ލޭޑީ ވިދާޅުވަނީ، އެބޭފުޅުން ވައިޖައްސާލާއި ސިގިރޭޓް ބޯލަން ނެރެދެނީ ކަމަށެވެ. އެމީހުންތިބޭނީ ފެންނަ ހިސާބުގައި ޖަލުއޮފީސް ކުރިމަތީގައި ކަމަށް ބުނެދިނެވެ. ފުރަހަނި ޝަޢައިބު ގޮޅިން ޤަލަމަކާއި އޭނާ ގެއަށް ލިޔަންފަށާފައިވާ ސިޓީއެއް ފެނުނެވެ. ޝުޢައިބު ހުންނަވާގޮޅި ހުންނަނީ އަޅުގަނޑުގެ ގޮޅިއާ ޖެހިގެންނެވެ. ލޭޑީ މެން ޖަލުތެރެއަށް ޤަލަމާއި ކަރުދާސްދެނީ ޖާސޫސު ކުރުމުގެ ބޭނުމުގައެވެ. ރަނގަޅަށް ވިއްޔާމިރޭޑް ކުރުން އޮންނާނީ ކުރިންރާވާފައެވެ.
އެހެންނޫނަސް މިބުރުގައި ލޭޑީ އިބްރާހީމް މަނިކު އުޅުއްވީ އަޅުގަނޑުމެންނާ ވަރަށްގާތްކޮށެވެ. އަޅުގަނޑު މެންނަށް ހަމްދަރުދީ ވެއެވެ. އަދި ސައްޕެގެ ބްލޮގު (ސައިޓު) ކަމުގައިވާ ” ޑޫ” ގައި ޝާއިޢު ކުރުމަށް، އިނގިރޭސި ވިލާތަށް ބައެއްސިއްރު ޚަބަރުތައް ފޮނުވައިދޭ ކަމުގެ ޝައްކު ލޭޑީގެ މައްޗަށް ކުރެވުނެވެ. އަޅުގަނޑުހުރި ގޮޅިއަށްވަނީ، ޝަމީމު އިސްކޮށް ހުންނެވި ޓީމެވެ. އަޅުގަނޑު އަނދެގެންހުރި މުންޑު މޮހެލައިގެން އެތެރެއާއެކު ބެއްޔެވެ. މީނާއަކީ އޮރިޔާން ބަލާހިތުން އުޅޭބޭކަލެކެވެ. އޮރިޔާމައި ދިމާއަށް ދެކަޅިހުއްޓިއެވެ. ފާޚާނާ ތެރެއާއި ހުރިހާތަނެއް ޗެކުކުރިއެވެ. އަންނައޫނާއި ގެންގުޅޭ ދަބަހާއި ބާލީހާއި ގޮދަޑި ރަނަގަޅަށް ބެއްޔެވެ. އެހެނަސް އަޅުގަނޑު އަތުން އެއްވެސް އެއްޗެއް ނުފެނެއެވެ.
އަޅުގަނޑު ޗެކޮކުރިލެއް ބޮޑުކަމުން ވަރަށް ރުޅިއައެވެ. އެހެނަސް އެމީހުންނާ ދެބަސްވާކަށް ނުހަދަމެވެ. ކުރަން ބޭނުންކަމެއް ކުރުމަށްހުރީ ރީތިކޮށް ދައްކައި ގެންނެވެ. ހަށިގަނޑުގެ ވެސް ބަލާހެދިއެވެ. މިބޭކަލުން ޝައްކު ކޮށްގެން އުޅުނީ، އަޅުގަނޑު މެންނަށް މާލޭގައި ހިނގާކަންތައް ދުވަހުންދުވަހަށް ރީތިކޮށް އެނގޭތީ، މޯބައިލް ފޯންފަދަ ތަކެތިގޮޅި ތެރޭގައި ގެންގުޅެނީ ކަމަށެވެ. ބޭރުން ވަޑައި ގެންނެވި ބޭފުޅުންނާ އަޅުގަނޑުމެންނާ ދެމެދުހިނގި ބައްދަލުވުން ތަކުގައި އަޅުގަނޑު މެންނަށް މާލޭގައި ހިނގަމުންދާ ހުރިހާކަމެއް އެނގޭކަން ސިފައިނަށް ވަނީރީތިކޮށް އޮޅުންފިލާފައެވެ.
އަޅުގަނޑުމެން ދައްކާވާހަކަތައް އަޑުއަހަން އަބަދުﷲ ތިޔާޒުމެން ތިއްބަވާތީ މިކަން އެނގެނީއެވެ. މާލޭގައި ވަޒީރުންގެ މަޖިލީހަށް ގެނެވުނު ބަދަލުތައް ވެސް އަޅުގަނޑު މެންނަށް އެނގިފައި އޮތުމުން މިފަދަ ޝައްކުތައް ކުރީއެވެ. އެހެނަސް މިރޭޑުން އެފަދަ އެއްވެސް އެއްޗެއް އަޅުގަނޑު މެންގެ އަތަކުން ނުފެނުނެވެ. ފެނުނީ މުޅިންވެސް ޤަލަމާއި ކަރުދާހެވެ. އެއީ ޖަލުއޮފީހުން ދީފައިހުރި ތަކެއްޗެވެ.
މިއަދަކީ ވަރަށް ވިއްސާރަ އަދި ވައިބާރު ދުވަހެކެވެ. ބައެއްފަހަރު ވައިރޯޅިތެރޭގައި ރުށްތައްހީވަނީ ބިންދައިގެން ހިނގައިދާނެ ހެންނެވެ. ވިދާގުގުރި ވެސް ޖަހައެވެ. ރޭޑްތެރޭގައި ސިފައިންނާއި ފުލުހުން އުޅުނީ ވިއްސާރަކޯޓާއި ކުޑަބޭނުން ކޮށްގެންނެވެ. އިރުއޮއްސުމުގެ ކުރިން ހުރިހާ ގޮޅިއެއް ޗެކްކޮށް ނިންމާލެއްވިއެވެ. އަދި ޖަލުތެރެއިން އެމީހުންތައް ނުކުތެވެ.
22 ސެޕްޓެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 41 ވަނަ ދުވަހެވެ. މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަމޯލްޑިވްސް ބޭފުޅުން ޖަލަށް ވަޑައިގެން ނެވިއެވެ. މިއީ އެބޭފުޅުންގެ ދެވަނަ ބުރެވެ. މިބައްދަލުވުން ބޭއްވީ ފަހަރަކު މީހަކުނެރެގެން އުނދޯލިގޭގައި ބައްދަލު ކުރަމުން ގެންދާ ގޮތަށެވެ. ވަޑައިގެން ތިއްބެވީ އެކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއާއި އެކޮމިޝަނުގެ މެމްބަރުން ކަމުގައިވާ، މަޑުލު ވަޙީދާއި ޑޮކްޓަރ ފާޠިމަތު ޝަފުޤާއާއި މުޢްތަޞިމު ޢަދްދާނެވެ. ސިފައިންނާއި ފުލުހުންގެ ތެރެއިން މިއަދު އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. އެހެންބޭފުލަކު ނެތެވެ.
ލޭޑީ އަރިހުގައި މިހާރަކަށް އައިސް އަޅުގަނޑު މެންނަށް މަނާކަމެއް ނޯވެއެވެ. ވަރަށް ލުއިތައް ދީފައި އޮވެއެވެ. ތަކުރާރުކޮށް ކޮންމެދުވަހަކު ދަށްކަންޖެހެނީ އެއްވާހަކަ އެކެވެ. މިއަދު ވެސް ވަރަށްގިނަ ވާހަކަ ދެއްކީމެވެ. އަޅުގަނޑު މެންނަށް ކަމެއްނުކޮށް ދެވުނަސް ތިޔަބޭފުޅުން އަވަސް އަވަހަށް ޖަލަށް ވަޑައިގެން އަޅުގަނޑުމެންގެ ޙާލުއަޙުވާލު ބައްލަވާތީ ވަރަށް ހިތްހަމަ ޖެހެއެވެ. މިތިއްބެވި ލޭޑީ މެން، އަޅުގަނޑުމެން ޖަލުގެގޮޅިން ނެރެނީ، ތިޔަގޮތަށް އަޅުގަނޑު މެންނާ ބައްދަލުވާން ބޭފުޅުން ވަޑައި ގަތުމުންނެވެ. އެހެންނުނީ ތިބެންޖެހެނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަބަދުވެސް ޓޯޗާގައެވެ. އަނިޔާގައި ތަޅުލެވިފައެވެ. ޖައްވާއި މޫދު ފެންނަގޮތަށް މިއުނދޯލިގެއަށް ގެންނާތީ ހިތްހަމަ ޖެހެއެވެ. ހިނގާލާހެދެއެވެ.
ދަންނަވަން ތޯއެވެ. އަދިވެސް ކިޔާލާނެ މަޖައްލާއެއް ޤަލަމެއް ފޮތެއް ރޭޑިޔޯއެއް ނުލިބެއެވެ. ކުރީފަހަރު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީ ކިހާހިސާބެއް ގައިތޯ ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ މުޖްތަބާ ވިދާޅުވިއެވެ. އަދި މިއަދު މިއައީ ކުރީގެ ބައްދަލުވުމަށް މަހެއްހަމަވުމުން މަހަކުއެއްފަހަރު ޖަލަށް ޒިޔާރަތް ކުރުމުގެ ގޮތުންނޭ ވިދާޅުވިއެވެ. ދެން އޭގެޖަވާބުގައި ތިބޭފުޅުންނަށް މާބޮޑުކަމެއް ނުކޮށްދެންނެވޭނޭ ދެންނެވީމެވެ. އަދި މިޖަލުގައި އަޅުގަނޑަށް އަނިޔާކުރި މައްސަލަވެސް އަދި ސަރުކާރުގެ ވަޒީފާއިން ކަނޑާލި ކަންތައްވެސް ރައީސް މައުމޫނުގެ ސަރުކާރު ދެމިއޮއްހާ ދުވަކު ތިޔަބޭފުޅުންނަށް ނުބެލޭނެއޭ ދެންނެވީމެވެ.
މައްސަލަތައް ނުބެއްލެވުނަސް ތިޔަބޭފުޅުންގެ ކޮމިޝަނުގެ ނަމުގައި އަޅުގަނޑު މެންމިދައްކާ ވާހަކަތައް ބޭރުދުނިޔެއާ ހަމައަށް ވާސިލުކޮށް ދެއްވަނިކޮށް އެކޮށްދެވެނީ ބޮޑުމަސައްކަތެއް ކަމުގައި ދެކޭނަމޭ ދެންނެވީމެވެ. ޙަޤީޤަތުގައި ތިޔަކޮމިޝަނުގެ މަޤުޞަދަކީ ވެސް އެއީއެވެ. އަދިވެސް ބައިވަރު ވާހަކަތައް ދެންނެވީމެވެ. މުޖްތަބާ އަޑުއައްސަވަން އިންނެވިއެވެ. އަޅުގަނޑު މިފަހަރު ޖަލަށްލާފައި މިހިރީ ފަސްވަނަ ބުރަށްކަމުގައި ދެންނެވީމެވެ. މާލެތެރޭގައި ސިޔާސީ ކަމެއް ހިނގާއިރަށް އަޅުގަނޑު ގެނެސް ހައްޔަރުކުރެއެވެ. މިސަރުކާރަށް ހީވެފައި އޮންނަނީ ޑޮކްޓަރ ވަހީދު ވެރިކަމަށް ގެންނަންވެގެން އަޅުގަނޑު މަސައްކަތް ކުރަނީކަމަށެވެ.
ފުރަތަމަ ފަހަރު ޖަލަށްލާއި އަނިޔާކުރީ އެފްޕީއައިޑީގެ މަޝްހޫރު ޚިޔާނާތާގުޅިގެން، ޖަލުގައި ބަންދުކުރެވުނު ސަޓޯ ދޫނިދޫގައި ގާނޫނީ ބަންދެއްގައި ހުންނަވަނިކޮށް އެންދެރިމާގޭ އިލްޔާސް ޑިފެންސްގެ އިސް ވެރިއަކަށް ހުންނަވައިގެން ސަޓޯއާ ކޯޑްލެސް ފޯނަކުން ދެއްކެވި ވާހަކަތައް އާންމުކޮށްގެން އެމައްސަލާގައެވެ. ދެން އަޅުގަނޑު ޖަލަށްލީ މުޖުތަބާއާއި މުޖުތަބާގެ އަނބިކަނބަލުންނާއި ބޯގަންވިލާ އިސްމާޢީލް ނަސީރާއި އެހެންބައެއް ދިވެހިންގެގަޔަށް އިންޑިޔާގެ ހަނގުރާމަމަތީ މަނަވަރަކުން ތިޔަބޭފުޅުން މަޢުޞޫމް ހޮސްޓެޖުންގެ ގޮތުގައި ހައްޔަރުވެފައި ތިއްބެވި ޕްރޮގެސްލައިޓް، ބައިނަލް އަޤްވާމީ ކަނޑުގައި އިންދާ، ބަޑިޖަހާއި ތިޔަބޭފުޅުގެ ފުރާނަ ނެތިގެން ދިއަޔަސް ހެޔޮކަމަށް ފައްތާލީ ދިވެހިސަފައިން އިންޑިޔާ މަނަވަރު، ގޯދާވަރީގައި ދުރުމި އަޅައިގެން ބަލަންތިއްބެ އެމީހުންގެ ހުއްދައާއެކުއޭ ބުނެގެންނެވެ. އަދި ގޯދާވަރީގައި، އާދަމްޒާހިރާއެކު ފަސް ދިވެހި ސިފައިންތިބި ކަމާއި މަނަވަރުގެ ބޮޑެތި ބަޑިތަކުން ތިޔަބޭފުޅުންގެ ހަށިކޮޅަށާއެކު ވަޒަން އަރާގޮތަށް ބަޑިޖެހީ، ދިވެހި ސަިފައިން އެކަމަށް ރަސްމީކޮށް ހުއްދަދީގެންނޭ ބުނެގެންނެވެ.
އަދި ދިވެހި ސިފައިން ގޯދާވަރީ މަނަވަރަށް ގެންދަންޖެހުނީ، އެހުއްދަދިނީ ދިވެހިންކަމުގައި ރަސްމީކޮށް ރެކޯޑުގައި ބާއްވަން ވެގެންނޭ ބުނެގެންނެވެ. ދުވަހެއްގެ ކޮޅުން ވެސް ތިޔަދެމަފިރިންނާއި އިސްމާޢީލް ނަސީރު ބައިނަލް އަޤްވާމީ ކޯޓެއްގައި ދައުވާ ކޮށްފިއްޔާ އެދުވަހަކުން އެކަމުގެ ޒިންމާ ދިވެހި ސިފައިންގެ ބޮލުގައި އިންޑިޔާއިން އަޅުވާނެއެވެ. އަދި ދިވެހިންގެ ބަޔަކު، ޕްރޮގްރެސް ލައިޓްގައި މަރާލީ އެވަޒަންތަކުންނޭ ބުނެގެންނެވެ. ހައިޖެކްކުރި މީހުން މަރާލީ އެންމެ ދިވެއްސެކެވެ. އެކަންވީގޮތާއި މުޖްތަބާ މެދުވެރިވެ ތަމަޅައިންނާއެކު ދެކެވެމުން ދިޔަ ސުލްހައިގެ ވާހަތަކުން، އަޅުގަނޑަށްވުރެ މާރަނގަޅަށް މުޖްތަބާއަށް އެކަން ހިނގިގޮތް އެނގިލައްވާނެއެވެ.
ރައްޔިތުންގެ މުދާގަނޑެއް ކަމުގައިވާ ބޮޑުއާގުބޯޓަކާއި މުދާތަކެއް މާސިންގާ ފުންކަނޑަށް އިންޑިޔާ ސިފައިން ފައްތާލީ ބައެއްގެ ފަރާތުން ހުއްދަހޯދާފައެވެ. އެއީ އިންޑިޔާ ސަރުކާރުން ޒިންމާވާގޮތަށް ކުރިއަމުރަކަށް ކުރިކަމެއް ނޫނެވެ. ގާނޫނީގޮތުން ދިވެހިން ޒިންމާ އުފުލާ ގޮތަށް ހިންގާފައިވާ އޮޕަރޭޝަނެކެވެ. މަރުވިމީހުންގެ އާޢިލާތަކަށް އެޙާދިޘާގެ ޙަޤީޤަތްތައް އަދިވެސް އޮޅުމެއް ނުފިލައެވެ. ފޮރުވިފައި ހުރި ބައިވަރު ސިއްރުތައް އެބަހުއްޓެވެ. އަޅުގަނޑު އެމައްސަލަ އަލުން ބަލަންޖެހޭނެއޭ ބުނީމާ ގެނެސް ޖަލަށްލީއެވެ. އަނިޔާކުރީއެވެ.
މިއަދު މިނިކުފާނު ތިޔަވަޑައި ގަންނަވަނީ ޖަލުގެ އަނިޔާތަށް ބައްލަވާށެވެ. އަޅުގަނޑުގެ ހާލުބަލާށެވެ. މިއަދު މަނިކުފާނުގެ އެދުވަސް ހިތުތެރެއަށް ނިކަން ގެންނަވާށެވެ! ގޯދާވަރީގެ ހައިންޗީގެ ބޮޑެތިވަޒަންތައް ވާރޭވެހޭހެން ބުރުއްސަމުން ގެންދިޔަ އަނިޔާވެރި މަންޒަރާއި އެވަޒަންތަކުގެ އަމާޒަކަށް ވެގެންދިޔަ އަނިޔާވެރި ހަދާންތައް މިހާރު ހަނދުމަފުޅުގައި އެބަހުރިތޯ ދަންނަވާލަން ޖެހެއެވެ. އެދުވަހު ތިޔަބޭފުޅާގެ ޙައްޤުގައި މަޒްމޫނެއް ލިޔެގެން އަޅުގަނޑަށް އަނިޔާކުރީ މިޖަލުގައެވެ. މިގޮޅިތަކުގައެވެ. އަޅުގަނޑުގެ އެމަޒްމޫނު ހޯއްދަވައިގެން މުޖްތަބާ ވިދާޅުވާށެވެ.
އަޅުގަނޑު ލިޔުނު އެއްޗެއްގެ ޚުލާޞާއަކީ، އެމައްސަލަ އިތުރަށް ތަޙްޤީޤުކޮށް ރައްޔިތުންނަށް އެންމެއަޑިއައި އެކު ފުންކޮށް އެނގޭގޮތަށް މިނިވަން ކޮމިޝަނަކުން ބަލަންޖެހޭނެ ވާހަކައެވެ. މިހާރު މިއޮތްގޮތަށް ތާރީޚުތެރެއަށް ވަދެ ވަޅުޖެހި ދިޔަދީގެން ނުވާނެ ވާހަކައެވެ. ޙާދިޘާއެކެވެ. އަޅުގަނޑުގެ އެމަޒުމޫނު ތިޔަބޭފުޅާ ކޮންމެވެސް ދުވަހަކުން ކިޔުއްވަން ވާނެއެވެ. އަޅުގަނޑު ސަލާމަތްވީ ދުވަހަކުން، ﷲ އިރާދަ ކުރެއްވިއްޔާ ތިޔަބޭފުޅާއަށް އެމަޒްމޫނުގެ ކޮޕީއެއް އަރުވާނަމެވެ. އެމަޒުމޫނު އަޅުގަނޑުގެ ސައިޓްގައި ފެންނަން އޮންނާނެއެވެ.
އަޅުގަނޑު މެންނަށް މިއަނިޔާތައް ލިބުނީ، ތިޔަބޭފުންގެ ފުރާނަނެތި ދިއަޔަސް ހެޔޮކަމަށް ތިޔަބޭފުޅުން ތިއްބެވި އާގުބޯޓު ފައްތާލިގޮތުގެ މިނިވަން ތަޙްޤީޤެއް ހަދަންޖެހޭނޭ ގޮވާލައި ގެންނެވެ. މިސަރުކާރުގައި އިންސާފުހުރި ވަރު މިދެންނެވުނީއެވެ. އެބުރުގައިވެސް، 45 ދުވަހު ޖަލުގެ ކުޑަގޮޅީގައި ހެސްކިޔާފައި އަޅުގަނޑަށް އަނިޔާކުރިއެވެ. އެކިފާޑުގެ ބިޑިންނާއި އަނދަގޮނޑިން އަނިޔާދެއްކިއެވެ. ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތުގެ ނަތީޖާއެއް ނުފެނެއެވެ. އަދި ވެސް މިތިބީ ސީދާއަނިޔާ ގައެވެ. މިވާހަކަތައް އައްސަވާފައި މުޖްތަބާއަށް ވަރަށްބޮޑަށް އަސަރުކުރިކަން އެބޭފުޅާގެ މޫނުމަތިން ފާޅުވިއެވެ.
ތަޙްޤީޤަށްނެރޭ ވަރަށްވުރެ ގިނައިން ތިޔަޒާތުގެ ޓީމުތަކާ އެބަ ބައްދަލު ކުރުވައެވެ. ޓީމަކަށްފަހު ޓީމެއް ޖަލަށް އެބައާދެއެވެ. ނަތީޖާ ރަނގަޅު ވެއްޖެނަމަ ކިތަންމެހާ ވެސް އުފަލެވެ. އެމެރިކާ އެމްބަސީގައި ދެވަނައަށް ހުންވާބޭފުޅާ ކަމުގައިވާ، މިސްޓަރ ޖޭމްސް މިތަނަށް ވަޑައިގެން އަޅުގަނޑުމެންނާ ބައްދަލު ކުރައްވައި ފިއެވެ. ތިޔަބޭފުޅުން ވެސް، އެބޭފުޅުން ހިންގަވާ މަގު ބައްލަވައިގެން، އަޅުގަނޑު މެންނަށް، ހެޔޮކަމެއް ކޮށްދެވޭތޯ ބައްލަވާށެވެ.
ދަންނަވަން ތޯއެވެ! މިއަދަށް ދަންނަވަންހުރި ހުރިހާވާކަތައް ނިމުނީއޭ ދެންނެވީމާ، ސަލާމްގަލާމްކޮށް މިއަދުގެ ބައްދަލުވުން ނިންމާލީ ވަރަށް އަސަރާ އެކުގައެވެ. މުޖްތަބާ ހުންނެވީ މުޅިން މަޑުމޯޅި ވެފައެވެ. ފެންކަޅި ވެލައްވާފައެވެ. ދެން، ލޭޑީ އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދީއެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުން ލޭޑީ ހުންނެވީ ވަރަށް މަޖާވެފައެވެ. އަޅުގަނޑު ގޮވައިގެން އައިމަގުމަތީގައި ވަރަށް މަޖާކޮށް ވާހަކަ ދެއްކެވިއެވެ. އިލްޔާސް ބަރާބަރޭ ވިދާޅުވިއެވެ. ސަރުކާރަށް އަޅުގަނޑު ދަސްނުވިޔަސް ލޭޑީއަށް މިހާރު އަޅުގަނޑު ދަސްވީކަމުގައި ދެކުނީމެވެ. އަޅުގަނޑަކީ މީހުންނާ ޒާތީގޮތުން ދިމާކޮށްގެން އުޅޭމީހެއް ނޫނެވެ. ޒާތީޙަސަދަ ގެންގުޅޭ މީހެއްނޫނެވެ. ހިތަށް އަންނައެއްޗެއް ފާޅުގައި އަބަދުވެސް ބުނަމުން ގެންދާ ވަރަށް ސާދާ އަދި އެހާމެ ސީދާ މީހެކެވެ. އަޅުގަނޑުގެ އެދުމަކީ ގައުމު އިސްލާޙު ވުމެވެ. އަބަދުވެސް ޙައްޤުބަސް ބުނުމެވެ. ހައްޤުގޮތް ދެމެހެއްޓުމެވެ.
23 ސެޕްޓެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 42 ވަނަ ދުވަހެވެ. މިއަދު ޑޮކްޓަރަށް ދެއްކުމަށް ނެރުނެވެ. މިކަން ކުރެއްވީ މެޑިކުއަކަށް ހުންނަވާ ޝާޑުއެވެ. މިއަދު އިންނެވީ މުޅިންއާ ޑޮކްޓަރެކެވެ. އަލަށް ކިޔަވައިގެން ވަޑައިގެން ހުންނެވި، ޑޮކްޓަރ ޝަކީލެވެ. އަޅުގަނޑުގެ ލޭނަގައިގެން މާލެގެންގޮސް ތަޙްލީލުކޮށް ބަލާފައި ނަތީޖާ ލިބުނުއިރު ހުރީ، 198 ގައެވެ. ކުރިއަށްވުރެ ތަންކޮޅެއް މައްޗެވެ. އެހެނަސް ޑޮކްޓަރ ޝަކީލް ވިދާޅުވި ކަމަށް ޝާޑު ބުނުއްވީ އެންމެ ރަނގަޅު ކަމަށެވެ. ބޭސްކަމުން ގެންދާގޮތަށް ބޭސްކަމުން ގެންދިއުމަށެވެ. އިތުރަށް ދެހަތްފާގެ ބޭސް ގެނެސްދިނެވެ.
މިރޭ، 11:30 އެހާކަންހާއިރު ޖަލުން ފުރަތަމަޓީމު، މޮހޮޖާއި މޮހޮޖުގެ ކޮއްކޮ ޙުސައިންއާއި ދޮންބި، މާލެއަށް ގެންދިޔައެވެ. މިއީ އަޅުގަނޑަށް އެނގިގެން އަޅުގަނޑުމެންގެ ޓީމުން ފުރަތަމަ މާލެއަށް ގެންދިޔަ ގްރޫޕެވެ. 45 ދުވަސް ހަމަވާން ކައިރިވާތީ ތަޙްޤީޤު ނިންމާލަން ހިފީކަމުގައި ޤަބޫލު ކުރެވެއެވެ. މިރެއިން ފެށިގެން ވަރަށްބާރަށް ތަޙްޤީޤު ނުނިމިތިބި މީހުންގެ ބަޔާންތައް ނިންމުމުގެ މަސައްކަތް ހިނގައިގެންފިއެވެ. އިރުއިރުކޮޅާ މީހުންނެރޭތަން ފެނެއެވެ.
24 ސެޕްޓެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 43 ވަނަ ދުވަހެވެ. ވަކިޚާއްސަ ޚަބަރެއް ނެތެވެ. ޖަލުގައި ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރޭގައި ހުންނެވި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު އަދި ވިލާޝިޕިން ޓްރޭޑިން ކޮމްޕެނީގެ ޗެއާމަން ޤާސިމް އިބްރާހީމަށް ޞިއްޙީގޮތުން މައްސަލަތަކެއް ކުރިމަތިވެ ވަޑައިގަތުމުގެ ސަބަބުން މާލޭ އައިޖީއެމް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވައި މިއަދު ފަރުވާ ދޭންފެށިއެވެ. ޤާސިމުގެ ޙާލުކޮޅު ވަރަށް ދެރަކަމުގެ ޚަބަރުތައް ލިބުނެވެ. އަދި މާލޭގައި ޤާސިމު ދޫކޮށްލުން އެދި ވަރަށްގިނަ ބަޔަކު ހޮސްޕިޓަލް ދޮށަށް އެއްވެ މުޒާހަރާކޮށް، ހަޅޭލަވަމުން ގެންދިޔަކަމަށް ވެއެވެ.
25 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 44 ވަނަ ދުވަހެވެ. “އޯގަސްޓް 12 ވަނަދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު ޢަމަލުތަކެއް ހިންގިކަމަށް ތުހުމަތު ކުރެވޭ” އިތުރު، 6 މީހަކު ހައްޔަރުކޮށް، 15 މީހަކު ދޫކޮށްލައިފި ކަމަށް ފުލުސްއޮފީހުން މިއަދު ހާމަކުރިއެވެ. އަދި މިހާހިސާބަށް ހައްޔަރުކުރި މީހުންގެ ޖުމްލައަކީ، 207 މީހުންނެވެ. އަދި ބަންދުގައި ތިބީ، 62 މީހުންކަމަށް ބުނެއެވެ.
26 ސެޕްޓެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއަދަށް، 45 ދުވަސް ހަމަވިއިރު، ތަޙްޤީޤުގެ މަސައްކަތް ވަރަށްބާރަށް ކުރިޔަށް ގެންދާތަން ފެނެއެވެ. ޑޮކްޓަރ ޙުސައިން ވަރަށް ގިނައިން ނެރޭތަން ފެނެއެވެ.
4 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 53 ވަނަ ދުވަހެވެ. މިދިޔަ، 7 ދުވަހު ވަކިޚާއްސަ ކަމެއް ނުހިނގައެވެ. އެހެނަސް ގައިދީންތައް އެކިފަހަރު މަތިން ބޭރަށްނެރެ ބަޔާންތައް ފުރިހަމަކޮށް ނިންމާލަން އުޅޭކަހަލަ ކުލަވަރު ފެންނަމުން ދިޔައެވެ.
5 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 54 ވަނަ ދުވަހެވެ. މިއަދަކީ މިބުރުގައި، 5 ވަނަ ފަހަރަށް ތަޙްޤީޤަށް ނެރުނުދުވަހެވެ. މިއަދުގެ ސުވާލުތައް ބިނާވެފައިހުރީ، އަޅުގަނޑުގެ މޯބައިލުން ކޮށްފައިހުރި ފޯނުކޯލުތަކާ ގުޅިގެންނެވެ. މިބޭފުޅުން އަތުގައި ދިރާގުން އަތުލާފައިއޮތް ފޯނު ރީޑިންގްސްތައް އޮތެވެ. އެއަށް ބަލައިގެން ފަހަރަކު ކޯލަކާ ބެހޭގޮތުން ސުވާލުކުރަމުން ގެންދިޔައެވެ. މިކަރުދާހުގައި ދިރާގުގެ ލޯގޯއާއި ރަތްކުލައިން ހުރި، ލިޔުންތައް ފެންނަން ހުއްޓެވެ. ދެން ކަޅުހުކުރުގެ މޫވީތައް ދަށްކާފައި އެވެނި މިވެނި ތަނެއްގައި ހުރެގެން އެކުރަނީ ކީއްތޯ ސުވާލު ކުރެއްވިއެވެ.
އަޅުގަނޑުގެ ވަރަށްގިނަ ފޮޓޯތައް މިމީހުން އަތުގައި ހުއްޓެވެ. ގިނައިންހުރީ ފޯނުކުރަނި ކޮށާއި ފެންކޭސްތަކެއް ލޯރިއަކުން ބާލަނިކޮށާއި ރުމާލެއް ބޮލުގައި އަލައިގެން އުޅެނިކޮށް ނަގާފައިހުރި ފޮޓޯތަކެކެވެ. އަދި އެކިއެކި މަސައްކަތުގައި އުޅެނިކޮށް ނަގާފައިހުރި މަންޒަރުތަކެވެ. ތަޙްޤީޤުޓީމުގައި މިއަދު އިތުރުމީހުން ތިއްބެވިއެވެ. ނަވާޒުގެ އިތުރުން، ޝާމީއާއި ޝަމީމާއި ޓެކްނިކަލް ބޭކަލުން ސިފައިންގެ ތެރެއިން ތިއްބެވިއެވެ. މިއަދު މުޅިންވެސް ގެންދެވީ މިކަހަލަ ސުވާލުތަކެވެ. އެލިޔާ ޢަލީ ޢަބްދުﷲ (އަލިބެ) އާ، އަޅުގަނޑު ގުޅާފައިހުރި ކޯލުތަކާ ގުޅިގެން ވަރަށްބޮޑަށް ތަފްސީލްތައް އޮޅުން ފިލުވިއެވެ.
ގުޅާފައިހުރި އަދަދުތަކާއި ވާހަކަދެއްކި ގަޑިއާއި ސުކުންތައް ދާންދެން އެބޭފުލުންނަށް ދިރާގުން ދީފައިހުއްޓެވެ. އެހެނަސް އަޑުތަކުގެ ރެކޯޑިންގ ނެތްކަން ތަޙްޤީޤު ގެންދެވިގޮތުން ޔަގީން ކުރެވުނެވެ. އަދި ޖުމްހޫރީ މައިދާނަށް ކާނާއާއި ފެންގެންދިއުމަށް ފައިސާހޯދުމަށް ވާހަކަދެއްކިންތޯ ތަކުރާރުކޮށް ސުވާލުކުރިއެވެ. ބައެއްކަންތަކަށް އިންކާރުކޮށް އަނެއްބައި ކަންތަކަށް އެއްބަސް ވީމެވެ. މިއަދު ރަފްބަޔާނެއް ލިޔުނެވެ. އެހެނަސް އެބަޔާނުގައި އަޅުގަނޑުގެ ސޮއި ނުކުރުވައެވެ.
މިއަދު ވަރަށްހަވީރު ވެފައިވަނިކޮށް ޖަސްޓިސް މިނިސްޓަރީގެ ޓީމު، ޖަލަށް ޒިޔާރަތް ކުރިއެވެ. ފަހަރުގައި މެންދުރުން ފެށިގެން އުޅުއްވަނީ ކަމަށް ވެދާނެއެވެ. އަޅުގަނޑު އެމީހުންނާ ބައްދަލުވުމަށް ނެރުނުގަޑިއަކީ ހަވީރެވެ. މިބައްދަލުމުން އޮތީ އުނދޯލިގޭގައެވެ. މިޓީމުގައި ތިއްބެވީ، ތ.އަތޮޅު މެމްބަރު ޖީސަސް ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއާއި އިސްޤާޟީ އާދަމް ސަޢީދު މޫސާއާއި ޤާޟީ ޢަބްދުﷲ ޢަރީފެވެ. މިބައްދަލު ވުމުގައި ޖަލުގެފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއް ވާހަކަތަކެކެވެ.
ޖަލުގައި، 54 ދުވަސްވީ އިރުވެސް އެއްވެސް ތަފާތެއް ނާންނަކަމާއި މިހާރުވެސް މިތިބެނީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ފުރިހަމަ އަނިޔާގައި ކަމަށް ދެންނެވީމެވެ. ތަޅަމުން ސިފައިންގެ މައިމަރުކަޒު ތެރެއަށް ގެންދިޔަ މަގުމަތީގައި ސިފައިންގެ ބޭކަލެއްގެ އަތުން ގޮށްމުއްކަވާފައި އަޅުގަނޑުގެ ބުރަކަށީގައި ހެސްކިޔާފައި އަޅުވާލި އެތިފަހަރުން ވެފައިވާ ތަދާގުޅިގެން ބުރަކަށްޓައި ދިމާލުން ރިބްސްތައް އައިސްމައި ބަދަައާ ގުޅުނުތަނުގައި، މައިބަދައާ އެކުގައި ތަދުއަރާއި ރިއްސާތީ ގިނަރޭރޭ ނުވެސް ނިދެއޭ ދެންނެވީމެވެ. ވިއްސާރަރޭރޭ މާބޮޑަށް ތަދުއަރައެވެ.
ޖަލަށް ވަޑައިގެންނެވި ދެޑޮކްޓަރުވެސް ވިދާޅުވީ އެދިމާލުން ނާރެއްފިތޭތީ ވާގޮތެއް ކަމަށެވެ. މިއިންކަމެއް ތަޞައްވަރުކޮށް ލެއްވޭނީ ތިޔައިން ބޭފުޅަކަށް މިކަހަލަ ކަމެއް ދިމާވުމުންނެވެ. މިފަދަ ޙާލެއް ޖެހުމުންނެވެ. މީހަކު މިހެން އަދި ކިޔައިދިނަސް ނޭނގޭނެއެވެ. އަދި އޭގެއިތުރުން ދެފައި ދުޅަވެފައި ހުންނާތީ އެވާހަކަ ޑޮކްޓަރަށް ކިޔައިދިނުމުން ބައްލަވާފައި ވިދާޅުވީ ދެފައިދުޅަވެފައި އެވަނީ ބުރަކަށިން ފިތޭނާރުގެ ސަބަބުން ކަމަށެވެ. އަޅުގަނޑު އަނދެގެންހުރި މުންޑުގަނޑު ހިއްލާލާފައި ދެފައި މިބޭފުޅުންނަށް ދެއްކީމެވެ.
އަދި ކޮނޑުގައިއިން ލަކުނާއި ކަނާއަތު ކަކުލުގައި އިންލަކުނު ވެސް ދެއްކީމެވެ. އަތްލާ ހަދާލުމަށް އެދުނީމެވެ. ޖީސަސް ޢަފީފު އިންނެވީ ވަރަށް މަޑުންނެވެ. އެއްގޮތަކަށް ވެސް ބަހެއްވިދާޅެއް ނުވެއެވެ. މަޑުމަޑުން އިންނެވީއެވެ. ވާހަކަދެއްކެވީ ހަމައެކަނި އާދަމް ސަޢީދެވެ. ދެން ތިއްބެވި ބޭފުޅުންވެސް މަޑުން ތިއްބެވީއެވެ. ބަހެއް ނުބުނުއްވައެވެ. ޢަރީފް ޤާޟީ ފެނުމުން ޢަރީފަށް ނިސްބަތްކޮށް އެއްޗެއް ދަންނަވަން ބޭމުމޭކިޔާފައި ޝައިޚް ފަރީދުގެ ޝަރީޢަތް ކުރެއްވި ދެދުވަހެއްގައި އަޅުގަނޑު، ގާޒި ޢަރީފު އެޝަރީޢަތް ކުރެއްވި އަޑުއަހަން ވަތްވާހަކަ އިތުރަށް ދެންނެވީމެވެ.
އެއީ ޝައިޚް ފަރީދާއި އޭނާގެ ބައެއް އެކުވެރިންގެ މައްޗަށް ދައުލަތުން ކުރެއްވި ދައުވާއެކެވެ. މިދެދުވަހު ވެސްއޮތީ، އޭރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަމުންދިޔަ ދަރިވަރެއްގެ ބަޔާނެއް އިއްވުމާއި އެބަޔާންނެގި ސިފައިންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަހާފައި، އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. ސިފައިން ހެކިބަސްދެއްވި ގޮތުން އެބަޔާނަކީ ޞައްޙައެއްޗަކަށް ނުވެއެވެ. އެދުވަހު އަޑުއަހަންވަދެ ތިއްބެވި، 12 ވަރަކަށް ބޭފުޅުންވެސް މިވާހަކައަށް އިއްތިފާގުވިއެވެ. އެހާ ފެންވަރުދަށް ބަޔާނެއްގެ ޝަރީޢަތް، މިހާދިގު ލައިގެން ގޮސްފައި ވާތީއެވެ.
އެކުއްޖާ ބޮޑުމީހަކަށްވެ އޭރުސްކޫލް ނުނިމޭކަމެއް ވެސް ނޭނގެއެވެ. އިއްޒަތްތެރި ޤާޟީގެ ގޮނޑިކޮޅުގައި ޢަރީފުގެ ބަދަލުގައި އެދުވަހު އަޅުގަނޑު އިންނަމަ، ކަންކުރާނެ ގޮތަކީ މިއޭކިޔާފައި ދެންނެވީމެވެ. މިހާހިސާބުން ފާޅުވެ އެނގުނު ހެކިތަކުގެ މައްޗަށް ބިނާކޮށް، އެހެކިތަކަށް ރިޢާޔަތްކޮށް ކިޔަވާ ކުއްޖާއަތުން ހޯދާފައިވާ ތަޙްޤީޤީ ބަޔާނަކީ ބާޠިލު އިޢުތިރާފެއް ކަމުގައި ޙުކުމްކޮށް، ނިޔާކަނޑަ އެޅުމަށް ފަހު، މައްސަލަ ނިންމާއި އެޤަޟިއްޔާ ކޯޓުންބޭރު ކޮށްލައި ނިންމާ ލާނީއެވެ. މިކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ކަރުދާސްކޮށް ދިގުދެމިގެން ދިޔައިމާ ބަދުނާމުވާނީ ދައުލަތެވެ. އަދި ޢަދުލް އިންޞާފުގެ ދާއިރާއެވެ.
މިކަމުން ޝައިޚް ފަރީދު ބިރުދައްކަން ކަރުދާސްކުރާ ދައުވާއެއްކަން ރީތިކޮށް ސާބިތުވެއެވެ. ކިޔަވައިގެން ތިއްބަވާ ޖަޖުން ސަރުކާރަށް މިކަހަލަ މުޑުދާރު ފުރުސަތުތައް ދީގެން ނުވާނެއެވެ. ޝަރީއަތްތައް ވަކިއަމާޒަކަސް ލަންބައި ދިގުދަންމައިގެން ނުވާނެއެވެ. ޤާޟީ ޢަފީރު އެއްވެސްކަހަލަ ބަސްފުޅެއް ވިދާޅުނުވެ، އަޑުއައްސަވަން އިންނެވީއެވެ. ވަރަށް ސީރިއަސްކޮށް ފިކުރުކުރެއް ވުމުގައި އިންނެވީއެވެ. ޖަލު އިސްލާހު ކުރުމަށްވުރެކުރިން، ޖަސްޓިސްގެ ދާއިރާ އިސްލާޙުކުރަން ޖެހޭކަމަށް ބާރުއަޅައި އިރުކޮޅަކު ވާހަކަދައްކާ ލުމަށްފަހު، މިބައްދަލުވުން ނިންމާލީއެވެ. ނިންމާލަމުން ޖީސަސް ޢަފީފުއަރިހުގައި ގޭމީހުންނަށް ސަލާމް ބުނެދިނުމަށް އެދުނީމެވެ. ޢަފީފުމެންނާއި އަޅުގަނޑު މެންނާ ދެމެދު ތ.އަތޮޅު މީޙުންނަށްވާތީ ޢާއިލީގުޅުން ކޮންމެވެސް ވަރަކަށް އޮވެއެވެ.
މިއަދަކީ ޖަލުގައި، 54 ދުވަސް ވުމަށް ފަހު، ގޮޅިގެ ދޮރުތަޅުނުލާ ގޮތަށް ހަމަޖައްސައި ދެއްވިދުވަހެވެ. ހިނގާދިޔަ ބައްދަލުވުން ނިމިގެން އަޅުގަނޑު ގޮޅިއަށް ލާފައި ލޭޑީ ވަޑައިގަތީ ގޮޅީގެ ދޮރުހުޅުވާލަ ދީފައެވެ. މިކަމަށް ލޭޑީއަށް ވަރަށް ޝުކުރު ދެންނެވީމެވެ. އަދި މިލިބުނީ މާސިންގާބޮޑު މިނިވަން ކަމެކެވެ. މިއަށްފަހު އެއްގޮތަކަށް ވެސް ގޮޅީގެ ދޮރުތަޅެއް ނުލައެވެ. އެހެނަސް ރޭގަނޑު، 12 ޖެހުމުން ގާޑުއައިސް ދޮރުލައްޕާ ލައެވެ. ހެދުނު ވުމުން އަމިއްލައަށް ހުޅުވާލަނީއެވެ. މީގެކުރިން ހުޅުވާފައި ހުންނަނީ، އިބުރާގެ ގޮޅިއާއި އަބުޖީގެ ގޮޅީގެ ދޮރެވެ. އަބުޖީ ބުނުއްވީ އެގޮޅީގެ ދޮރުހުޅުވައި ދިނީ ޑޮކްޓަރ ޝަކީލް ވިދާޅުވެގެން ކަމަށެވެ.
ގޮޅީގެދޮރު ހުޅުވުމުން އަޅުގަނޑު ވަރަށް ބޮޑަށް އުފާވިއެވެ. އުޑުމަތި ބަލާލައި ގޮޅީގެ ބެލްކަނި ތަޅުންކޮޅުގައި ސަރަންފީ ގޮނޑި ބަހައްޓައިގެން އިށީދެލާ ހެދެއެވެ. އަދި އެތަޅުންކޮޅު މަތީގައި ކަސްރަތުކޮށް ހެދެއެވެ. ހުޅުވާލެއްޕޭ ސަރަންފީ ގޮނޑިއަކީ އަޅުގަނޑު އެދުމުން، ލޭޑީ ގެނެސްދެއްވި ސަރަންފީ ގޮނޑިއެކެވެ. އަދި ގޮޅީގައި ހުންނަ ކުޑަމޭޒުނެރެގެން އެތަޅުންކޮޅުގައި މޭޒުބޭނުންކޮށް ކައިބޮއި ހެދެއެވެ. އަދި ވަގުތުކޮޅެއް ލިބޭ އިރަށް ކައިރީގައި ދެފަރާތުން ހުންނަ ދެގޮޅީއަށް ޒިޔާރަތް ކޮށްލާހަދަމެވެ. ވާއަތްފަރާތުގައި ހުންނެވީ ފުރަހަނި ޝުޢައިބެވެ. ޝުޢައިބަށް އަޅުގަނޑަށް ގެންނަ ޚާއްސަ ކާނާއިން ކޮންމެފަހަރަކު ވެސް ބައިއަޅަމެވެ. ޑައިބެޓިކް މީހަކަށްވާތީ، އަޅުގަނޑަށް ގެނެސްދެނީ ޚާއްސަ ކޮއްތެވެ. ސިފައިންގެ އޮފިސަރުންގެ ކޮއްތެވެ. މޭވާއާއި ކޮފީ ވެސް ލިބެއެވެ.
ކުޑަގޮޅީގައި ހުރެ އެމެރިކާ ސަފީރައި ބައްދަލު ކުރުން:
6 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 55 ވަނަ ދުވަހެވެ. އަޅުގަނޑުގެ ޖަލުގެ ޙަޔާތުގައި މިއަދަކީ އެންމެބޮޑު ދުވަހެވެ. މީގެފަހުންވެސް މިވަރުގެ ދުވަހެއް ނާންނާނެއެވެ. ހެދުނު ސަޔަށްފަހު، ގޮޅީގައި އިންދައި ޖަލުއޮފީހުން އޮފިސަރަކު ދުރުވެ އެންގީ، ބޭރުމީހަކާ ބައްދަލުވާން ބޭރަށް ނުކުންނަން ޖެހޭތީ ތައްޔާރު ވެލައިގެން ހުރުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ބަލާއަންނާނެ ކަމަށެވެ. އަތުގައިއޮތް ޖީންސާއި ޓީޝާރޓު ލައިގެން ތައްޔާރަށް އިންދައި މެންދުރުވުމުގެ ކުރިން ބަލާއައުމުން، ނުކުތްއިރު ދޫނިދޫޖަލުގެ އުނދޯލިގޭ ސޯފާގައި އިންނެވީ ދުނިޔޭގެ އެންމެވަރުގަދަ ބާރުކަމުގައިވާ އެމެރިކާއިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ، އިއްޒަތްތެރި ސަފީރާއި އޭނާގެ އަންހެން ސެކްރެޓަރީއެވެ.
އަޅުގަނޑު އެބޭފުޅުންނާ އަރާހަމަވުމުން ސަލާމްޤަލާމްކޮށް ތަޢާރުފް ވުމަށްފަހު، ސޯފާގައި އިށީނީއެވެ. ވަރަށްބޮޑަށް ހިތްހަމަޖެހި އުފާވި ހިނދުކޮޅެވެ. ސިފައިންނާއި ފުލުހުންގެ ފަރާތުން އިންނެވީ، ޢަބްދުﷲ ރިޔާޒެވެ. މީނާވެސް ސަލާމްކޮށް ލުމަށް ފަހު، އަޑުއިވޭ ހިސާބުގައި އިށީންނެވީ، މިއަދުވެސް ތަޙްޤީޤުގެ ވާހަކައެއް ނުދެއްކޭނޭ ވިދާޅުވެފައެވެ. އަދި އެއްމިނެޓްގެ ވަގުތުކޮޅެއް ސަފީރާއެކު އެކަހެރިކޮށް ވާހަކަދައްކާލަން އިލްޔާސަށް ފަހުގެ ވަގުތެއްގައި ލިބޭނެއޭ، ޢަބްދުﷲ ރިޔާޒު ވިދާޅުވެފައި ތިޔަބޭފުޅުންގެ ވާހަކަތައް ކުރިޔަށް ގެންދަވާށޭ ކިޔާފަ އިޝާރާތްކޮށް ލެއްވިއެވެ.
ދެން އަޅުގަނޑު އިއްޒަތްތެރި ސަފީރާއެކު ވާހަކަތައް ފެއްޓީ އަމިއްލައަށެވެ. ފޮރިން މިނިސްޓްރީގެ ބޭފުޅަކު ނެތުމުން ތަރްޖަމާނަކާ ނުލައެވެ. އަޅުގަނޑުގެ ކޮށި އިނގިރޭސި ބަރާބަރަށް އެދެބޭފުޅުންނަށް ރަނގަޅަށް ވިސްނިވަޑައި ގަންނަވައެވެ. ބޭނުންވި ހުރިހާ ވާހަކަތަކެއް ރަނގަޅަށް ދެކެވުނެވެ. އަޅުގަނޑުގެ ތަޢާރުފެއް އަމިއްލައަށް އެރުވުމަށް ފަހު، ސިޔާސީ ވާހަކަތައް ކުރިޔަށް ގެނަދަން ފެށީމެވެ. މަނިކުފާނުގެ ޑެޕިއުޓީ، މިސްޓަރ ޖޭމްސްއާ، އަޅުގަނޑާ މިޖަލުން ބައްދަލުވި ދުވަހު، ވަރަށް ތަފްސީލުކޮށް އަޅުގަނޑަށްކުރި އަނިޔާތަކާއި ކަޅުހުކުރުގެ މުޅި މިޙާދިޘާ އެކުގައި ހިނގާދިޔަ ގޮތްވާނީ ކިޔައިދީފައެވެ.
އަދި މިސްޓަރ ޖޭމްސްގެ ވިޒިޓިންކާޑު އަޅުގަނޑަށް ދީފައި މިނިވަންވުމުން ލަންކާއަށް ގޮސް އޭނާއާ ބައްދަލުކުރުމަށް އެދުނުވާހަކަ ވެސް ދެންނެވީމެވެ. އަދި އީޔޫން އަޅުގަނޑާ ބައްދަލުކުރި މަތީފެންވަރުގެ ޓީމަށްވެސް މިހުރިހާ ވާހަކަތަކެއްވާނީ ވަރަށް ފުރިހަމައަށް ކިޔައިދީފައި ކަމަށް ދެންނެވީމެވެ. އޭގެ ޖަވާބުގައި ސަފީރު ވިދާޅުވިއެވެ. މިސްޓަރ ޖޭމްސް ހުރިހާ ވާހަކަތަކެއްވަނީ ކިޔައިދީފައެވެ. އަދި އދ.މެންބަރުގެ މެސެޖެއް ތިމަންނާއަށް ލިބުނުކަމަށް ވިދާޅުވިއެވެ.
އިޔޫ ޓީމުގައި އިސްކޮށް ހުންނެވި ބޭފުޅާ ދަންނަކަމަށާއި އޭނާއާބައްދަލު ވިކަމަށް ވިދާޅުވިއެވެ. ތިމަންނާއަށް ހުރިހާކަމެއް ވަރަށް އަޕްޑޭޓުކަމަށް ވިދާޅުވިއެވެ. ތިމަންނާ މިއައީ ތިޔައިއްޒަތްތެރި މެމްބަރުންގެ ޙާލުބަލާލައި ހިއްވަރު ދިނުމުގެ ގޮތުންނޭ ވިދާޅުވިއެވެ. ތިމަންމެން ވެސް އީޔޫއާ ގުޅިގެންނާއި ވަކިންވެސް ކުރެވެންހުރި މަސައްކަތްތައް މިގެންދަނީ ކުރަމުންކަމަށް ވިދާޅުވެ ދެއްވިއެވެ. ރާއްޖޭގައި ހިންގާފައިއޮތް ކުއްލި ނުރައްކަލުގެ ޙާލަތު ވިހާއަވަހަށް ނެގުމަށާއި ހިފޭއްޓިފައިހުރި ޙައްޤުތައް ވީއްލައި ދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް މިގެންދަނީ އަޅުއްވަމުން ކަމަށް ވިދާޅުވިއެވެ.
އަދި މިމަހު، 12 ވަނަދުވަހު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއް ހުރިހާމެމްބަރުން ހަމަކޮށް ތިބެގެން ބޭއްވޭތޯ އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް މިގެންދަނީ އަޅުއްވަމުން ކަމުގައި ވިދާޅުވިއެވެ. އެޖަލްސާގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި މާދަމާ ރައީސް މައުމޫނާ ބައްދަލު ކުރައްވައި މެދުކެނޑިފައިވާ ޖަލްސާތައް ކުރިޔަށް ގެންގޮސް އަވަހަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމުގެ މަސައްކަތް ފެށޭތޯ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ވަރަށް އިސް ބޭފުޅެއް ކަމުގައިވާ، މިސްޓަރ އައްބާސް މިއަންނަ ވީކްގައި މާލެދުރުވާނެ ކަމަށް ވިދާޅުވިއެވެ.
އޭނާއާ ތިޔަބޭފުޅާއާ ބައްދަލުވާނީ މާލޭގައިކަމަށް ވަރަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ދަންނަވަންހުރި ގިނަވާހަކަތަކުގެ ޖަވާބު ސީދާކޮށް ލިބުމުން، އިއްޒަތްތެރި ސަފީރު އިންނެވީ ފުރިހަމައަށް ހުރިހާ މަޢުލޫމާތެއް ލިބިވަޑައި ގެންކަން އަޅުގަނޑަށް ޔަޤީންވިއެވެ. އިތުރަށް ދެންނެވީމެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް އެރޭދިޔައީ އިންފޯމޭޝަން މިނިސްޓަރު، ޤާސިމް އިބްރާހީމަށް ގުޅުއްވާފައި ހުރިހާ މެންބަރުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމަށް ރައީސް މައުމޫނު އެދިވަޑައި ގަންނަވާކަމަށް ވިދާޅު ވުމުންނެވެ. އަޅުގަނޑުމެން ޖުމްހޫރީ މައިދާނަށް ދިޔައީ ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކުރާކަށްނޫނެވެ. އިންޤިލާބެއް ގެނެސް ސަރުކާރު ވައްޓާލާކަށް ނޫނެވެ. ސަރުކާރުން އެހައްދަވަނީ ހުސްދޮގެވެ.
އަޅުގަނޑު މެންނަކީ ސަރުކާރުން އެބުނާކަހަލަ ކުށްވެރިންނެއް ނޫނެވެ. އަޅުގަނޑުމެން ކުށްވެރީންނަށް ވެގެން މިއުޅޭގޮތަކީ، އަޅުގަނޑު މެންނަކީ ހަކައެކަނި ޒަމާނީ ޑިމޮކްރަސީއަށް މަސައްކަތްކުރާ ބަޔަކަށް ވާތީއެވެ. ރާއްޖެއަށް އިންސާނީ ޙައްޤުތަކާއި ލިބަރަލް ޑިމޮކްރަސީ ގެނައުމަށް އަޑުއުފުލާ ބަޔަކަށް ވާތީއެވެ. އަޅުގަނޑު މެންނަކީ ރާއްޖެއަށް މަލްޓިޕާޓީ ސިޔާސަތު ގެނައުމަށް ގޮވާލާބަޔަކަށް ވާތީއެވެ. ވެރިމީހާއަކީ ދައުރުވާންޖެހޭ މީހަކަށް ހެދުމަށް ގޮވާލާއި އަޑުއުފުލާތީއެވެ. މިކަންތަކާހެދި އަޅުގަނޑުމެން ޖަލުގައި މިގެންގުޅެނީ ބަޣާވާތެއްގެ ތުހުމަތު އަޅުވައިގެންނެވެ.
އަޅުގަނޑު މިހުރީ ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް އަޒުމް ކަނޑައަޅާއި މަރުވާންދެން މަސައްކަތްކުރަން ތައްޔާރަށެވެ. ފަހަތަކަށް ނުޖެހޭނަމެވެ. މިވާހަކަތައް އައްސަވާފައި ވަރަށްހިތްވަރު ދެއްވިއެވެ. ކުރިޔަށް މިއޮތްދުވަސް ތަކުގައި ރާއްޖޭގައި އާންމު އިންތިޚާބެއް ބާއްވާނެއެވެ. އެދުވަހަށް މިނިވަން ނުކޮށްފިނަމަ، އެއިންތިޚާބުގައި ޖަލުގައި ހުރެގެން މާލޭގެ ގޮނޑިއަށް އަޅުގަނޑު ކުރިމަތިލާން ގަސްދުކުރަމެވެ. އެއިންތިޚާބަކީ ޤާނޫނު އަސާސީ ބުނާގޮތުން ކޮންމެހެން ވެސް ބާއްވަން ޖެހޭނެ އިންތިޚާބެކެވެ. އެއިންތިޚާބުގައި އެމެރިކާ ފަރާތުން މޮނިޓަރކޮށްދޭނެ ބަޔަކު އައުމަކީ އަޅުގަނޑުމެން އެދޭކަމެކޭ ދެންނެވުމުން ވިދާޅުވީ، ސަރުކާރުން މިހާރުއެދުނަސް އެކަން ހަމަޖައްސައި ދޭނެކަމަށެވެ. އެމެރިކާ އަބަދުވެސް އޮންނާނީ އެހީތެރިކަމަށް ތައްޔާރަށެވެ.
ރާއްޖެތެރޭގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވެނީ ސަރުކާރުން ވެރިކަމުގެ ނިޒާމްރާވާފައި އޮންނަގޮތުން، މިނިސްޓްރީ އޮފް އެޓޮލްސް ކިޔާތަނެއް އިންތިޚާބުތަކުގައި ނުފޫޒުހިންގުމަށް ހަދާފައި ހުންނާތީއެވެ. އަޅުގަނޑު މަސައްކަތްކުރީ އެމިނިސްޓްރީގައެވެ. އެހެނަސް މިފަހަރު ޖަލުގައި ހުއްޓައި ވަޒީފާއިން ވަނީ އެއްވެސް ސަބަބެއްނެތި ކަނޑާލާފައެވެ. މިހާރު އަޅުގަނޑުގެ އާމްދަނީހުރީ ސަރުކާރުން ހުއްޓުވާލާފައެވެ. ކުޑަދެކުދިންނާއި އަންބަކު ގޭގައި އިންނާނެއެވެ. މިހާރުވީނުވީ ތަނެއް ސާފުކޮށެއް ނުދެއެވެ. މިހުރިހާ ވާހަކަތަކެއް ވާނީ މިސްޓަރ ޖޭމްސް އާއި އީޔޫ ޓީމަށް ވަރަށް ސާފުކޮށް ބަޔާންކޮށް ދީފައެވެ.
އަދި، 9 ޖޫން 2004 ގައި ސަރުކާރުން އިއުލާނު ކުރެއްވި އިސްލާހުތައް ގެންވަން ބޭނުންފުޅު ވާނަމަ ކުރެވިދާނެ ބައިވަރުކަންތައް އެބަހުއްޓެވެ. އެހެނަސް އެކަންތައް ބަހައްޓާފައި ސަރުކާރުން ކުރިންކުރަން ބޭނުންވީ އިސްލާހަށް ގޮވާލާމީހުންގެ ބޮލުގައި ބޮޑުބަޣާވާތެއްގެ ތުހުމަތު އަޅުވާފައި އެމީހުންގެ ދުވަސް ދުއްވާލާށެވެ. އެގޮތުން އަޅުގަނޑުމެން މިތިބީ ޖަލުގެކުޑަގޮޅި ތަކުގައި ހައްޔަރުކޮށްފައެވެ. ހުރިހާ ޙައްޤުތަކެއްވަނީ ހިފާއްޓަވާފައެވެ.
ދެން މީގެއިތުރުން ދަންނަވާނެ މާގިނަވާހަކަ ތަކެއްނެތެވެ. ވާހަކަތައް މިގެންދެވުނު ގޮތުން ވާހަކަތައް ހުސްވާގޮތް ވީއެވެ. އަޅުގަނޑު އެންމެބޮޑަށް ބޭނުންވެފައި ހުރި ސުވާލުތަކަށް ޖަވާބު ލިބުމުން ވީއުފަލުން، ވަރަށް ވަރަށްބޮޑު ޝުކުރިއްޔާއެއް އުފަލާއެކު ސަފީރަށް އަރިސްކުރީމެވެ. އައިއެމް ވެރީހެޕީއޭ ދެންނެވީމެވެ. މިހާހިސާބުން ޢަބްދުﷲ ރިޔާޒު ދުރަށްޖެހިލައި ސަފީރާއެކު އަޅުގަނޑަށް ހަމަޖެހިފައިއޮތް އެކަހަރި ވަގުތުކޮޅު ދީފިއެވެ. ސަފީރާއި ސެކްރެޓަރީއާއި އަޅުގަނޑައި ތިންމީހުން އެކަނިވީއެވެ. މިވަގުތު ކޮޅުގައި އަޅުގަނޑު ދެންނެވީ ވަރަށް އަސަރުހުރި ވާހަކަތަކެކެވެ.
އަޅުގަނޑުގެ ލޮލުން ކަރުނަ ފޭދިގެންދިޔައެވެ. ސަރުކާރުން މިހާބޮޑަށް ފިއްތުންތައް މިފިއްތަނީ، އެމެރިކާގެ ކެލިފޯނިޔާގައި ހުންނަ، ސްޓަންފަރޑް ޔުނިވަރސިޓީން ޑޮކްރަރޭޓް ނަންގަވައިގެން ރާއްޖެއަށް ވަޑައިގެންނެވި، ފުރަތަމަ ޕީއެޗްޑީއަކީ، ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަނަށް ވެފައި އޭނާއަށް ދިވެހި ރައްޔިތުންއެރުވި ތާއީދުގެ ބޮޑުކަމުން އޭނާވެރިކަމަށް އަތުވެދާނެތީ އެކަމުގެ ބިރަށް ސަރުކާރުން ހުރަސް އެޅުއްވުމުގެ ގޮތުން އަޅުގަނޑުމެންގެ ހަރަކާތަށް އަޅުއްވާ ހުރަހެއްގެ ގޮތުގައެވެ. ޑޮކްޓަރ ވަހީދުމެން އޭރުގެ އަސާސީއަށް އިސްލާހު ގެނައުމުގެ ތެރޭގައި ފެއްޓެވި އިސްލާހީ ހަރަކާތް އަދި ވެސް މިދަނީ ކުރިޔަށެވެ. އޭރުގެ މަސައްކަތުން، 38 ވަނަ މާއްދާ އުވާލެވުނެވެ.
މިހާރު އެކަމުގައި ހަރަކާތްތެރި މިވަނީ އަޅުގަނޑުމެން ޒުވާނުންނެވެ. ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދެނީ މިނިވަންކަމާއި އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީއޭ ކިޔައިގެން އަޅުގަނޑުމެން މިއުޅެނީ، ދިވެހި ރައްޔިތުން އިސްލާމް ދީނައިދުރަށް ޖައްސާއި އެމެރިކާ އާއި އީޔޫއާއި ހުޅަގުން އެދޭގޮތަށް، މަލްޓިޕާޓީ ސިޔާސަތަކަށް މިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ލުމަށެވެ. ރައްޔިތުންނަށް އަންގައިދެނީ ރިފޯމޭ ކިޔައިގެން މިއުޅޭ މީހުންނަކީ، ހުރިހާ ދީނެއްގެ މީހުންނަށް ރާއްޖެ ހުޅުވާލައި މަރްޙަބާ ކިޔާނެ މީހުންކަމަށެވެ. އެހެންވުމުން އެފަދަބަޔަކު ރާއްޖޭގެ ވެރިކަމާ ދިމާއަށް އަޔަދީގެން ނުވާނެކަމަށެވެ.
އަދި އެފަދަބަޔަކު ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެނަމަ، އެހެންދީންތައް ރާއްޖެއަށް އިންޕޯޓު ކުރާނެބަޔަކަށް އެމީހުންވާނެއެވެ. މިފަދަބޮޑު ތުހުމަތެއް އިސްލާޙަށް މަސައްކަތް ކުރާ މީހުންގެ ބޮލުގައި އެޅުވުމަށް ފަހު އެއެންމެން މިތިބީ ގެނެސް ޖަލުގައި ހައްޔަރުކޮށް ފައެވެ. ސަރުކާރުން އަބަދުވެސް ދެކެނީ، ޑޮކްޓަރ ވަހީދު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ އިސްމީހަކީ އަޅުގަނޑު ކަމުގައެވެ. އެހެންވުމުން އަބަދުވެސް އަޅުގަނޑު މިގެންގުޅެނީ ޖަލުގައެވެ. މިއީ އަޅުގަނޑު ޖަލަށްލެވުނު، ފަސްވަނަ ފަހަރެވެ. ޑޮކްޓަރ ވަހީދަކީ، އަލުގަނޑުގެ ބްރަދަރ އިންލޯއެވެ. އެހެންވުމުން އަޅުގަނޑަށް އަނިޔާ ބޮޑުވަނީއެވެ.
ދެން ސަފީރު ވިދާޅުވިއެވެ. ޑޮކްޓަރ ވަހީދު ދަންނަމެވެ. އަދި އިލްޔާސްގެ ސަލާމް އޭނާއަށް ބުނެދޭނަމޭ ވިދާޅުވިއެވެ. އެއަށް ފަހު، ހިތްވަރު ގަދަކުރުމަށް އަޅުގަނޑަށް ނަޞޭޙަތްތެރި ވެލެއްވިއެވެ. އެހެން ޤައުމުތަކަށްވުރެ މާބާރަށް މިރާއްޖޭގައި އިސްލާހީ މަސައްކަތްތައް ކުރިޔަށް ދާކަން ފާހަގަ ކުރެއްވިއެވެ. އެހެން ގައުމުތަކުގައި ދިހައަހަރުން ނުކުރެވޭ ކަންތައް މިރާއްޖޭގައި އެއްއަހަރުން ވެއެވެ. އަދި ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް ތިޔަކުރައްވަމުން ގެންދާ މަސައްކަތުގައި ދެމިތިބުމަށް އެދިލެއްވިއެވެ.
އަދި، 12 ވަނަ ދުވަހު އޮންނަ ޖަލްސާގައި ތިޔަބޭފުޅުން ތިއްބަވާނެ ކަމުގެ އުންމީދު ކުރައްވަމޭ، އަދި ވެސް އެއްފަހަރު ތަކުރާރުކޮށް ވިދާޅުވިއެވެ. ހިތްވަރު ގަދަކޮށް ސިޔާސީ ކަންކަމުގައި ކެރުމަށް ބާރުއަޅުއްވާއި ޝާބާސް ދެއްވިއެވެ. މިހާހިސާބުން، އަބްދުﷲ ރިޔާޒު ކައިރިޔަށް ޖެހިލެއްވުމުން މިބައްދަލުވުން ނިންމާލައްވައި ސަލާމްކޮށް ހެދުމަށް ފަހު، ވަކިވީއެވެ. އަޅުގަނޑު ގެނެސްލީ ކުރިންވެސްހުރި ގޮޅިއަށެވެ.
ރޭގަނޑު ކައިނިމުނު ފަހުން، ތަހްޤީޤަށް ނެރުނެވެ. ފޮޓޯތަކަކާއި ވީޑިޔޯތަކެއް ދައްކާފައި ޝާމީއާއި ޝަމީމް ވަރަށްގިނަ ވާހަކަތައް ދެއްކިއެވެ. ގިނައިން ރިޕީޓުކުރީ ކުރީދުވަހުގައި މިބޭކަލުން ދެއްކެވި ވާހަކަތަކެވެ. ބޭނުންވަނީ އަވަހަށް ރަފްބަޔާނެއް ހަދާލައި ނިންމާލުންކަން މިބޭކަލުންގެ ވާހަކަތަކުން ވިސްނުނެވެ. އެބޭކަލުން ލިޔުނުރަފް ބަޔާން ކިޔާލާފައި ސޮއިކޮށްލީމެވެ. މާގިނަ މައްސަލަތައް ޖައްސާކަށް ނުހަދަމެވެ. އަޅުގަނޑުމެންގެ ކަންތައް މިދާހިސާބުން ދެންގޯހެއް ނުވާނެކަން މިއަދު ޔަޤީންވެއްޖެއެވެ. އަޅުގަނޑުގެ ހުވަފެންތަކުން ވެސް ފެންނަނީ ރަނގަޅު ވާނެކަމަށެވެ. ސޮއިކޮށް ނިންމާ ލުމުން ޝާމީ ބުނުއްވިއެވެ. މިއުޅެނީ ހަމަމިރޭ ހުރިހާކަމެއް ނިންމާލެވޭ ތޯއެވެ.
އަޅުގަނޑު ހީކުރީ މާދަމާ އެމެރިކާ ސަފީރު ރައީސް އަރިހަށް ވަޑައިގަންނަވަން ވާއިރަށް ކޮންމެވެސް ވަރެއް ކުރެވޭތޯ ބަލަނީކަމަށެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކަށް ގެއަށްދެވެން ކާރިވަނީއޭ ހިތަށްވަނެވެ. ތަޙުޤީޤުގެ މިކަންތައްގަނޑު ތެރޭގައި އުޅެނިކޮށް މިރޭ ޤާސިމް އިބްރާހީމް ފެނުނެވެ. ހުންނެވީ މުޅިމީހާ ބަދަލުވެފައެވެ. މުޅިން ފަލަވެފައެވެ. އަޅުގަނޑަށް ޤާސިމުކަން ޔަޤީންވީ ތަންކޮޅެއް ކައިރިވުމުންނެވެ. ފުރަތަމަ ފެނުމުން ވަކިކުރަން އުނދަގުވިއެވެ. އަޅުގަނޑު ބައިންދާފައިއިން ގޮނޑިކުރިމަތިން ޤާސިމް ވެސް ތަޙްޤީޤަށް ގެންދަނީއެވެ. ޤާސިމް އަޅުގަނޑާ އަރާހަމަވުމުން ތެދުވެފައި ޤާސިމުގައިގައި އޮޅުލައިގަނެފައި ބައްދާސަލާމް ކުރީމެވެ. ޤާސިމަށް ބާރަށް ރޮވުނެވެ.
ޤާސިމް ހުންނެވީ ފަލަވެ މީހާދުޅަވާގޮތް ވެފައެވެ. ކަރުއަނބުރައިގެން ފަރާތްފަރާތް ނުބެލޭގޮތަށް ކަރުގައި ފާޑެއްގެ އެއްޗެއް އަޅުވާފައި ހުއްޓެވެ. އަޅުގަނޑަށް ވެސް، މިމަންޒަރު ފެނިފައި ވަރަށް އަސަރުކުރިއެވެ. ދެރަނުވާށޭ، ޢަޒުމް ވަރުގަދަކޮށް އަބަދުވެސް، ﷲ ހަނދާންކޮށް ހިތްވަރުކުރާށޭ ދެންނެވީމާވެސް ގިސްލާފައި ޤާސިމަށް ރޮވެނީއެވެ. މިވާއެއްޗެއް އަޅުގަނޑަށް މުޅިން އޮޅިއްޖެއެވެ. ދެން ޤާސިމް އުޅުއްވަނީ ބިރުންނެވެ. ވާހަކަނުދައްކާ އަވަހަށް އިލްޔާސް ދުރަށްދާށޭ ވިދާޅުވެއްޖެއެވެ. ބައްދައިގެން ހުރިއިރުވެސް ޤާސިމް ހުންނެވީ ބިރުންކަން އެނގެއެވެ. މީހާތުރުއަޅައެވެ.
އުޅުއްވަނީ އަވަހަށް ސިފައިންގެ މީހާއާއެކު އަޅުގަނޑު ފޮޅާލާފައި ވަޑައި ގަންނަވާށެވެ. އަޅުގަނޑު ދެންނެވީމެވެ. ތިޔަހުންނެވީ ކިހިނެއް ވެފައިހެއްޔެވެ؟ އަދި ސިފައިންގެ އޮފިސަރާ ދިމާއަށް ތިޔަބޭކަލުން ޤާސިމަށް ކިހިނެއްހެދީހޭ ސުވާލުކުރީމެވެ. ޤާސިމަށް ގިސްލުމާއެކު ހަމަރޮވެނީއެވެ. ތިޔަބޭކަލުން ޤާސިމަށް މިޙާލު ނުޖެއްސި ނަމަ، އަދިވެސް ޤާސިމު ހުންނެވީ އުޖާކޮށް ރީތިކޮށް ކުރިންވެސް ހުންނެވި ގޮތަށެވެ. ޤާސިމަށް މިޙާލުޖެއްސީ ތިޔަބޭފުޅުންނެވެ. އަޅުގަނޑަށް މިހިރީ ޤާސިމު ފެންނާށެވެ. ތިޔަބޭފުޅުން މިކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނެއެވެ. ޤާސިމުގެ ޢާއިލާއަށް ޖަވާބުދާރީ ވާންޖެހޭނެއެވެ.
މިވާހަކަތަކާހެދި އަޅުގަނޑު ގެންގޮސް ބޭންދީ މީހަކު ނުފެންނަ ހިސާބުގައެވެ. އަޅުގަނޑު ގެންދިޔަ މަގުމަތީގައި އޮފިސަރާ ދިމާއަށް ވަރަށް އެއްޗެހިކީމެވެ. އޭނާބުނީ ޤާސިމުގައިގާ ތަޅާއި އަނިޔާކޮށް ނުހަދާ ކަމަށެވެ. ޤާސިމުގެ ހިތްބަލި ކަމުން މާއަވަހަށް އަސަރު ކުރަނީއެވެ. މިއޮފިސަރާ ދިމާއަށް އަޅުގަނޑު ދެންނެވީމެވެ. ރީތިކޮށްހުރި މީހަކު އެހެރީ، ތިޔަބޭކަލުން ހަލާކުކޮށް ލާފައެވެ. އަޅުގަނޑު މާދުރަށް ގެނެސް ވަކިންތިޔަ ބޭންދީ ކީއްވެގެންތޯ ސުވާލުކުރުމުން އެއޮފިސަރު ބުނުއްވީ، އިލްޔާސް މެން މީސްމީހުންނާ ސަލާމްކޮށް ގޮތްގޮތަށް ވާހަކަދައްކާ ހެދީމާ އެމީހުން ހިތުގައިޖެހި މާބޮޑަށް އަސަރު ކުރަނީއެވެ.
ދެން އެރެއަކު ތަޙްޤީޤުގައި އެއްގޮތަކަށް ވެސް، ޤާސިމައި ވާހަކައެއް ނުދެއްކެއެވެ. އެހެންވެ މިއަށްފަހު، ޤާސިމް ނުފެންނަގޮތަށް އަދި އެހެން ގައިދީއަކު ވެސް ނުފެންނަގޮތަށް ދުރުގައި ބޭންދީއެވެ. މިއީ އޯޑަރުއައި ގޮތެވެ. މިރޭ ބޭރުގައި އިންއިރު އިރުއިރުކޮޅާ ގައިދީން ނެރޭތަން ފެނުނެވެ. އެންމެންގެ ވެސް ބަޔާންތައް ނިންމާލަން އެޅެނީކަމަށް ލަފާކުރެވުނެވެ. ޑޮކްޓަރ ޙުސައިން ވެސް ނެރެގެން ގެންގުޅެނިކޮށް ފެނުނެވެ.
“ޖުމްހޫރީ މައިދާނަށް އެއްވެ ޤާނޫނާޚިލާފު އަމަލުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި” ގިނަބައެއްގެ މައްޗަށް ދައުލަތުން ދައުވާކުރައްވާ މައްސަލައިގެ ތަޙްޤީޤު ނިމުމަކާ ހަމައަށް އައިސްފައި ވާކަމަށާއި ވަރަށްއަވަހަށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުއްވާނެ ކަމަށް އަންގަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން މިއަދު ބަޔާނެއް ނެރުނެވެ. މިކަންމިކުރެއްވީ ބައިނަލް އަޤްވާމީ މުޖްތަމަޢަށް ތަޙްޤީޤުތައް ނިމިއްޖެކަން ދެއްކުމަށެވެ. އެހެނަސް އަދި ގިނަމީހުންގެ ބަޔާންތައް ނުނިމެއެވެ. އަވަސް ކުރުމަށް ޖަލުތެރޭގައި މިކަންތައް ހިންގަމުން ގެންދެއެވެ. ކޮންމެއަކަސް މިއިއުލާނަކީ އެމެރިކާއަށާއި އީޔޫއަށް ދައްކާލި ކުލަގަދަ އަނދުން އެޅުވުމެކެވެ.
ދޫނިދޫ ޖަލުގައި ހައްޔަރުގައި ހުންނެވި، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މާލޭ މެމްބަރު އިބްރާހީމް އިސްމާޢީލް (އިބުރާ) އަށް ކުރިމަތިވެ ވަޑައިގެންނެވި ޞިއްޙީ ކަންތައްތަކަކާ ގުޅިގެން މާލޭ އައިޖީއެމް ހޮސްޕިޓަލުގައި މިއަދު ވަރަށް ހެދުނާ އެޑްމިޓް ކުރެވުނެވެ. ކަންދިމާވި ގޮތުން އިބުރާއައި އެމެރިކާ ސަފީރާ ޖަލުން ބައްދަލު ނުވީއެވެ. ފުލުހުންނާއި ސިފައިންނަށް މިއަދު އެމެރިކާ ސަފީރު ޖަލަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައި އޮތްކަން އެނގޭތީ، އިބުރާ ޖަލުން ބޭރުކޮށްލީ ކަމަށް ބެލެވެއެވެ.
7 އޮކްޓޯބަރ 2004 ވީ ބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 56 ވަނަ ދުވަހެވެ. މިއަދު އިރުއޮއްސުނު ފަހުން ތަޙްޤީޤަށް ނެރުނެވެ. ހުރިހާރަފް ބަޔާންތައް އެއްބަޔާނަށް ހެދުމަށް ފަހު، އޮތީރީތިކޮށް ޓައިޕްކޮށް، 4 ކޮޕީހަދާފައެވެ. ކޮންޕިއުޓަރ ޕްރިންޓެއް އަޅުގަނޑު ކިޔާލަން ދިނުމުން ގިނައިރު ނަގައިގެން މަޑުމަޑުން އެބަޔާން އެއްކޮށް ކިޔައި ނިންމައިފީމެވެ. އަމިއްލައަށް ލޮޔަރުކަން ކުރާތީ ކޮންމެޖުމްލަ އަކަށް ވަރަށް ވިސްނީމެވެ. ބައެއް އިސްލާހުތައް ފާހަގަކުރެވިގެން އެތަންތަން އިސްލާހު ކުރެއްވުމުން ސޮއިކޮށްލެވި ދާނެކަމަށް ބުނެފީމެވެ.
ދެން ބޭރުގައި ބައިންދާފައި އިރުކޮޅަކަށް ފަހު، ގޮވައި ގެނައިއިރު އެބަޔާންއޮތީ އިސްލާހުކޮށް އަލުން، 4 ކޮޕީހަދާފައެވެ. މިކަންކުރުމަށް ތިއްބެވީ ޝާމީއާއި ޝާމީމެވެ. އަލީ އަޙްމަދާއި ނަވާޒެއް ނެތެވެ. ބަޔާންތައްޔާރު ކުރެއްވި އިސްދެމީހުން ނެތަސް ރަނގަޅަށް ކިޔާލުމަށްފަހު، 4 އަސްލުގައި ވެސް ސޮއިކޮށް ނިންމާލީއެވެ. ޖުމްހޫރީ މައިދާނަށް ދިޔަކަން ސާބިތުވާ ގޮތަށެވެ. ރަފްބަޔާނުގައި ކުރިންލިޔެފައި އޮންނާނީ ފޯނުކޯލެއް އައުމުން، އަޅުގަނޑާއި އެހެން މެމްބަރުން ބޯގަންވިލާއިން ނުކުމެގެން ސިފައިންގެއަށް ދިޔަކަމަށެވެ.
ފަހުން އިސްލާހުކުރީ ސިފައިންގެއަށް ދިޔަކަމަށް ލިޔެފައޮތްތަނުގެ ބަދަލުގައި ޖުމްހޫރި މައިދާނަށް ދިޔަކަމަށެވެ. މިގޮތަށް އެއްބަސްވީ ގަސްދުގައެވެ. އަދި ޖުމްހޫރީ މައިދާނުގައި އަނެއްދުވަހު ހުކުރު ނަމާދު ނިމެންދެން އަޅުގަނޑު ޢަމަލީގޮތުން އުޅެފައިވާތީއެވެ. ޙުކުމެއް އިއްވިޔަސް ހެޔޮކަމަށް އެއްބަސްވެ، ސޮއިކޮށް ނިންމާލީ މިގޮތަށެވެ. އޭރުގަޑިން ޖަހާނީ އިރުއޮއްސި، 8 ކެވެ. ބަޔާން ނިންމާލުމަށް ތަޙްޤީޤު ޓީމުން މަސައްކަތް ކުރަމުން ގެނެދެވީ ވަރަށް އަވަސް އަރުވާލާފައެވެ. އަސްލު ބަޔާންނެގި މީހުންނެތީހެވެ. ބަންޑާރަ ނައިބު އޮފީހުން، ސްޓޭޓް އެޓަރނީންގެ ގޮތުގައި ވަޑައިގެން އުޅުއްވާ، ނާޝިދާއި ރޭނިސް ސަލީމް ވެސް ހީވަނީ މިކަންނުނިމިގެން އެހެންކަމެއް ހެނެވެ.
ޙަޤީޤަތަކީ މިބޭފުޅުންނަކީ ދައުލަތުން ދައުވާ އުފުލުމަށް ޚާއްސަ ވެގެން ތިއްބަވަންޖެހޭ، ދައުލަތުގެ ވަކީލުންނެވެ. ބަޔާންތައް އޮފުކޮށް ޕޮލިޝްކުރުމަށް މިބޭފުޅުން ތަޙްޤީޤު ޓީމުތަކާއެކު ޖަލުގައި އުޅުއްވުމަކީ ކަނޑައެޅިގެން ގޯހެކެވެ. މިދެމީހުން އަވަހަށް އިލްޔާސް ލައްވާ، ނަވާޒުމެން ނެތަސް ސޮއިކޮށް ލުވާށޭ ބުނުމުން މިކަންތައް ޝާމީމެން ބާރަށް ކުރިޔަށް ގެންގޮސް ނިންމާލީއެވެ. ޝަރުޢީކޯޓަށް ޝަރީޢަތް ކުރުމަށް ގެންދާދުވަހަކުން މިވާހަކަ ކިޔައިދޭން އަޅުގަނޑު ހިތުލީމެވެ.
އަޅުގަނޑު ލައްވާސޮއި މިކުރުވީ ބަޔާންނެގި މީހުންނެއް ނޫނެވެ. ބަޔާނުގައި ނަންތައްވެސް ނެތްބައެކެވެ. މިމީހުން މިކަންކުރިގޮތުން މިއުޅެނީ ކޮންމެވެސް ނުބައިކަމެއް ހިންގައިގެންނޭ އަޅުގަނޑުގެ ހިތަށް އޭރުވެސް ވަނެވެ. މިހާހިސާބުން ބަޔާނުގެ ހަތަރު އަސްލުގައި ސޮއިކޮށް ނިމުނީއެވެ. ދެންގެންގޮސް ގޮޅިއަށް ލައިފިއެވެ. އެކިގައިދީން ނެރެގެން ތަޙްޤީޤަށް ގެންދާތަން ފެނެއެވެ. ޖަލުތެރޭގައި ކޮންމެވެސް ކަންތައް ގަނޑެއް އަވަސް އަރުވާލާފައި ހިންގަމުން ގެންދާކަން އެނގެއެވެ.
ދަންވަރު، އެކެއްޖެހިތަނާ އަނެއްކާވެސް ގޮޅިން ނެރެގެން ތަޙްޤީޤަށް ގެންދިޔައެވެ. އެދުނީ ލިޔުމެއް ދައްކާލާފައި އޭގައި ސޮއި ކުރުމަށެވެ. މިލިޔުން ބަލައިލިއިރު ލިޔެފައިއޮތީ އަންގަންޖެހޭ އެންގުމެއް އަންގަނީ ކަމަށެވެ. ތިއްބެވީ، އަޅުގަނޑުގެ ބަޔާންނެގި ބޭކަލުން ކަމުގައިވާ، އަލީ އަޙްމަދާއި ޢަބްދުﷲ ނަވާޒެވެ. ޝާމީމެންނެއް ނުފެނެއެވެ. މިއެންގުމުގައި ލިޔެފައިއޮތީ ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން، ރައީސް މައުމޫނު ހިފޭއްޓެވި ޤާނޫނުތައް މިރެއިން ފެށިގެން ދޫކޮށް ލައްވައިފި ވާހަކައެވެ. އެހެނަސް އަދި މިކަންތައް އާންމުކޮށް އިއުލާނު ނުކުރައްވާ ކަމަށްވެއެވެ. އެކަންއާންމުކޮށް އިޢުލާނު ކުރެއްވި ލިޔުން ނުދައްކައެވެ.
ތިޔައަންގަވާ އެންގެވުމުގެ ލިޔުމުގައި ސޮއިކުރުވުމުގެ ކަންތައް، މިރޭކުރިން ނެރުނުއިރު ނުކުރެއްވީ ކީއްވެގެންތޯ ސުވާލުކޮށް، އަޅުގަނޑު މައްސަލަ ޖައްސައިފީމެވެ. އަލީ އަޙްމަދު ބުނުއްވީ އޭރުއެކަން އަދިނޭނގޭ ކަމަށެވެ. އެކަންތައް އެނގުނީ އިލްޔާސް ސޮއިކޮށްފައި ދުރުވި ފަހުންނެވެ. ކަނޑައެޅިގެން މިއީދޮގެކެވެ. މިހެދިގޮތަކީ ލޮޔަރެއްނެތީސް އަވަހަށް އަޅުގަނޑު ލައްވާ ސޮއިކޮށް ލުވީއެވެ. ސޮއިކުރުމުގެ ކުރިން ކާފިއޫ ނަންގަވައި ފިކަން، އަޅުގަނޑަށް އެނގިއްޖެނަމަ ސޮއިނުކޮށް ލޮޔަރައި ބައްދަލުވުމަށް ހިފާލަފާނެތީ މިކަންމިގޮތަށް ރާވާލީއެވެ. މިއީ މިވެރިންގެ ޙީލަތްތެރި އުކުޅެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ.
އަޅުގަނޑުގެ އިންސާނީ ޙައްޤަށް އަރައި ގަތުމެއްކަން ކަށަވަރެވެ. އަޅުގަނޑަށް އޮޅުވާލައިގެން ބަޔާނުގައި ސޮއިކޮށް ލުވީއެވެ. އެހެންނޫން ނަމަ، އަޅުގަނޑު ސޮއިކުރާނީ ލޮޔަރު މުޢިޒުގެ ކުރިމަތީގައެވެ. ލޮޔަރަށް ބަޔާން ދައްކާފައި ސޮއި ކުރުމުގެހުއްދަ ލޮޔަރު ދެއްވީމައެވެ. މިވާހަކަ މިގޮތަށް އަލީ އަޙްމަދަށް ދެންނެވީމާ، އެހެނެއްނޫނޭ ކިޔާފައި ބަހަނާތަކެއް ދެއްކޭތޯ ވަރަށް މަސަައްކަތް ކުރެއްވިއެވެ. ގިނަވާހަކަ ތަކެއް ދެއްކެވިއެވެ. މިވާހަކަތަކަށް ފަހު، އަޅުގަނޑަށް ދެއްކި އެންގުމުގެ ލިޔުމުގައި ސޮއިކޮށްލުމުން، އަލީ އަޙްމަދު ވިދާޅުވެއްޖެއެވެ. އަލުން ބަޔާންތަކުގައި ވެސް އޭނާގެ ކުރިމަތީގައި ސޮއި ކުރައްވަން ވީނޫންތޯއެވެ. އޭރުން ހުރިހާކަމެއް ހަމަޖެހުނީ ނޫންތޯއެވެ.
ތަޙްޤީޤުކުރި މީހުން ތިބެގެން އެކަން އަލުން ކޮށްލީމާ ނިމުނީ ނޫންތޯއެވެ. ޤާނޫނީގޮތުން ވެސް ރަނގަޅުވެފައި ފުރިހަމަވާނީ އޭރުންނޭ ބުނުއްވައި ފިއެވެ. އަޅުގަނޑު ދަންނަވައި ފީމެވެ. ތިވަރުން މަކަރާއި ޙީލަތް ހައްދަވައިގެން އަޅުގަނޑުގެ ނިދިނަގާ ނުލައްވައި ރިއްޗަށް ތިޔަހުރިހާ ކަމެއް ކިޔައިދިން ނަމަ މާރަނގަޅު ވީހެވެ. ލޮޔަރެއް ނެތަސް އަޅުގަނޑުސޮއި ކުރީމުހެވެ. ދެން އަލުން ސޮއިކުރަން އެއްބަސް ވުމުން، މިރޭކުރިން ސޮއިކުރި ބަޔާނުގެ، 4 އަސްލު އަޅުގަނޑު ކުރިމަތީގައި ވީދާލާފައި އަލުން ޕްރިންޓް ހައްދައިގެން ގެނައުމުން، 4 އަސްލުގައި އަލީ އަޙްމަދާއި ނަވާޒުގެ ކުރިމަތީގައި ސޮއިކޮށް އިނގިލީގެ ނިޝާންތައް ޖަހައި ނިންމާލެވުނީ ވަރަށް ދަންވީ ފަހުންނެވެ.
އޭރުވެސް އެކިމީސްމީހުން ނެރެގެން އުޅޭތަން ފެނެއެވެ. ނެރެގެން ގެންގުޅުނީ އަޅުގަނޑު އެކަންޏެއް ނޫނެވެ. މިއީ ތަޙްޤީޤު ތެރޭގައި މިބޭކަލުން ގަންނަގަނޑެވެ. ހާވާ ހަޑިއެވެ. އޮޅުވާލާ އޮޅުވާލުމެވެ. އެކިކަހަލަ ޙީލަތްތައް ރާވައިގެން ހަދަނީއެވެ. މިއީ މިބުރުގައި ތަޙްޤީޤުގެ ވާހަކަދައްކާ، 8 ވަނަ ފަހަރެވެ. މިހާހިސާބުން ތަޙްޤީޤުގެ ހުރިހާކަމެއް ނިމުނީކަމަށް އަލީއަޙްމަދާއި ނަވާޒު އަޅުގަނޑަށް އަންގަވައި އަޅުގަނޑުގެ ކުރިމަތީގައި އެބޭކަލުން ވެސް އަޅުގަނޑުގެ ބަޔާންނެގީ އެބޭކަލުންކަމަށް ސޮއި ކުރެއްވިއެވެ. އަދި ލޮޔަރަކު ބޭނުމިއްޔާ މިހާރު ހަމަޖެއްސިދާނެ ވާހަކަ ބުނުއްވިއެވެ. ބަޔާންނަގާ ނިމުނީމާ ތަޙްޤީޤުގެ މަރްޙަލާއަށް ލޮޔަރެއްގެ ބޭނުން ކެނޑުނީއެވެ. ދެންކޮން ލޮޔަރެއްގެ ވާހަކަ ދައްކާކަށްތޯޯއޭ، އަޅުގަނޑު ދެންނެވީމެވެ.
ދެން، ލޮޔަރެއް މިމަރަޙަލާގައި ބޭނުންނުވާ ކަމަށް ގަނޑެއްގައި އަޅުގަނޑު ލައްވާސޮއި ކުރުވިއެވެ. މިހިސާބުން މިމީހުންގެ މަގްސަދު މުޅިން ހާސިލްވީއެވެ. އެހެނަސް އަޅުގަނޑުގެ ލޮޔަރ މުޢިޒުއޮތީ ކުރިން ސިޓީއެއް ލައްވާފައި ކަމުން އެކަންއޮތީ ހަމަޖެހިފައިކަން އަޅުގަނޑަށް ޤަބޫލުކުރެވުނެވެ. އަންހެނުންނާ ބައްދަލުވި ދުވަހު އެވާހަކައޮތީ ބުނެފައެވެ. ކޮންމެހެނެއް ވިޔަސް ތަހްޤީޤުގެ ހުރިހާކަމެއް ނިމުނީމާ މިރޭވަރަށް އުފާވިއެވެ.
އަޅުގަނޑުގެ ބަޔާނުގައި އޮންނާނީ، މިއަދުގެ ތާރީޚެވެ. އެއީ އޮކްޓޯބަރ ހަތެކެވެ. އެހެނަސް މިހާރު މިވަނީ، 8 ވަނަ ދުވަސް ފެށިފައެވެ. އަޅުގަނޑު ގޮޅިއަށް ގެންދިއުމުގެ ފަހުން ވެސް އެކިމީސްމީހުން ނެރެގެން ސޮއިކުރުވާ ހެދިއެވެ. މިއަދު ހަވީރު، ޖަލުގެ މިބައިން، ޢަލީޢަބްދުﷲ (އަލިބެ) މާލެ ގެންދިޔައެވެ. ބޭރުބައި، 2 ނަމްބަރު ޖަލުންވެސް މީހަކު ގެންދިޔަ ކަމަށް ޚަބަރު ލިބުނެވެ.
8 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 57 ވަނަ ދުވަހެވެ. ދޫނިދޫ ޖަލުގައި ހައްޔަރު ކުރައްވާފައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ އދ.އަތޮޅު މެމްބަރު އިބްރާހީމް ޙުސައިން ޒަކީއަށް ކުރިމަތިވެ ވަޑައިގެންނެވި ޞިއްޙީ މައްސަލަތަކަކާ ގުޅިގެން މާލޭ އައިޖީއެމްއެޗްގައި މިއަދު އެޑްމިޓް ކުރެވުނެވެ. ޖަލުގައި ތިއްބެވި ބޮޑުންގެ ގިނަބޭފުޅުންތައް ބަލިވާގޮތާ ގުޅިގެން އެކިކަހަލަ ޝައްކުތައް ޖަލުތެރޭގައި އުފެދިފައި ވެއެވެ. ގިނަމީހުންނަށް ފުރަތަމަވާ ގޮތަކީ މާއަވަހަށް ހިތަށް އަސަރުކޮށްފައި ދެރަވެ ގިސްލެވޭގޮތް ވަނީއެވެ.
ޤާސިމާއި އިބުރާއާއި ޒަކީވަނީ އެބަލީގެ ޝިކާރާގައި ބަނދެވިފައެވެ. އިބުރާ މިބުރުގައި އިތުރަށް އަނބުރައި ގަނެގެން ގޮޅިތެރެއަށް ވެއްޓުނެވެ. ކުރީފަހަރަކު ޖަލުގައި ހުރިއިރު މިކަހަލަ ޝައްކެއް ކުރެވުނުފަހުން އަޅުގަނޑު ސައިބޮއި ހަދަނީ ވެސް ހޫނުފެނާއި ސައިފަތާއިހަކުރު ވަކިން ދިނީމާ އަމިއްލެއަށް ގިރައިގެންނެވެ. ހުރިހާއެއްޗެއް ހުންނަން ޖެހޭނީ އަޑިއެނގޭގޮތަށް ވަކިންނެވެ. ހަކުރަށް ހުންނަންޖެހޭނީ ޑައިބެޓިކް ޝުގަރ ފެކެޓެވެ. މިމީހުން ފާޑެއްގެ ކުނޑިއެއް އެއްކުރާކަމުގެ ހީތަކާއި ވާހަކަތައް ވަނީ ފެތުރިފައެވެ.
9 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 58 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރެއިން، 5 މީހަކު ދޫކޮށްލި ޚަބަރު މިއަދު ލިބުނެވެ. އެއީ ކޮންބައެއްކަމެއް ސާފެއް ނުވިއެވެ.
10 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 59 ވަނަ ދުވަހެވެ. ޖެނީއާއި އައިންތު ނަޖީބާއި މަރިޔަންމަނިކެއައި ބައެއް އެހެން ގައިދީނާއި، މިއަދު އެމްނެސްޓީ އިންޓަރނޭޝަނަލްގެ ބޭފުޅުންނާ ބައްދަލު ކުރިއެވެ. އަދި ރޭގަނޑު ވަގުތެއްގައި އަޅުގަނޑުމެން އެންމެން ނެރެފައި، ޤާނޫނު އަސާސީގެ، 144 ގެދަށުން ހިންގެވި، ކުއްލި ނުރައްކަލުގެ ޙާލަތު ރަސްމީކޮށް މިއަދު އިރުއޮއްސި، 6 ންފެށިގެން އުވާލައްވައި ފިކަން އަންގައި ސޮއި ކުރުވިއެވެ. އަޅުގަނޑު މެންލައްވާ ބަޔާންތަކުގައި ސޮއި ކުރުވީ ރަސްމީކޮށް ކާފިއޫ އުވާ ނުލައްވަނީސް އޮޅުވާލައި ގެންކަން މިޢަމަލުން ސާބިތުވެއެވެ.
ވަކީލެއްގެ ކަންތައް ހަމަޖެއްސިދާނޭ މިރޭވެސް އެންގިއެވެ. ތިޔަކަމާ އެއްޗެއް ދަންނަވަން އެނގޭނީ އަންހެނުންނާ ވާހަކަދައްކާ ލެވުމުންނޭ ދެންނެވުމުން ގެއަށް ގުޅުމުގެ ކަންތައް ހަމަޖައްސައި ދެއްވިއެވެ. ގެއަށް މިބަހަނާގައި ފޯނުކޯލެއް ދެއްވުމުން އަންހެނުން، ރުކާ ވާހަކަ ދައްކާލާ ހެދުމަށް ފަހު، އަންހެނުންގެ ފަރާތުން މުޢިޒުއޮތީ ހަމަޖެހިފައިކަން އެނގުމުން ކުރިންވެސް ދެންނެވި ފަދައިން ދެން ލޮޔަރެއްގެ ބޭނުމެއްނެތޭ ދެންނެވީމެވެ. އެހެނަސް އަލުން އެކަން އެގޮތަށް ލިޔެފައި އަޅުގަނޑު ލައްވާ ސޮއިކުރުވިއެވެ. މިވެސް އޮޅުވާލުމެވެ. މިބަހަނާގައި ގެއަށް ގުޅާލައި ކުދިވެރިންގެ ޙާލުއޮޅުން ފިލުމުން ވަރަށް އުފާވިއެވެ. ދެކުދިންނާއި އަންހެނުންގެ ޙާލުމުޅިން ރަނގަޅެވެ.
ރަސްމީކޮށް ކާފިއޫ އުވާލައްވައި އިޢުލާނު ކުރެއްވި، ތާރީޚު އަޅުގަނޑަށް އަންގާލިޔުގައި ބޭއްވުމުގެ ގޮތުން ކޮށްލެއްވި ކަމެއްކަން އަޅުގަނޑަށް ވިސްނުނެވެ. އަދި ބަޔާނުގައި ސޮއި އޮންނާނީ މިތާރީޚުގެކުރީ ތާރީޚަކަށް ހަދާލެއްވީއެވެ. އޭރުން ބަޔާންނެގުމުގެ ހުރިހާ ކަމެއް ނިމިފައި އޮންނަނީ، ލޮޔަރެއްގެ ބޭނުންހިފުމުގެ ޙައްޤު ހިފޭއްޓިފައި އޮތްދުވަސް ވަރުގައެވެ. މިގޮތަށް ހުރިހާ ގައިދީން ނެރެގެން ސަރުކާރުން، ކާފިއޫ ނަންގަވައިފި ކަމަށް އަންގައި ސޮއިކުރުވިއެވެ. ސަރުކާރުން މިކަން ނެންގެވުމަށް ކުރެއްވި އިޢުލާނުގެ ކޮޕީއެއް މިރޭ އަޅުގަނޑު މެންނަށް ސިފައިން ދެއްކިއެވެ. މިރޭވެސް އެންމެން ވަކިވަކިން ނެރެގެން މިއެންގުން އަންގާ ނިމުނުއިރު ދަންވަރު، 1:30 ހިނގައިފިއެވެ.
ޖުމްހޫރީ މައިދާނުގައި ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އިޢުލާނު ކުރެއްވި، “ކުއްލި ނުރައްކަލުގެ ޙާލަތު” 58 ދުވަސްފަހުން މިއަދު އުވައި ލެއްވިއެވެ. މިކަން އާންމު ކުރައްވައި ހޯމް މިނިސްޓްރީން ނެރުއްވި އިޢުލާނުގައިވަނީ މިފަދައިންނެވެ.
“ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫގު އަސާސީގެ، 144 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑައި ގަންނަވާ ބާރުގެ ދަށުން، މާލެއާއި މާލެ ކައިރި ސަރަޙައްދަށް، 13 އޯގަސްޓް 2004 ވީހުކުރު ދުވަހު ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ އިޢުލާން، މިއަދު އޮކްޓޯބަރ 10 ވީއާދީއްތަ ދުވަހުރޭ، 6:00 އިން ފެށިގެން ރައީސުލް ޖުމްހޫރިއްޔާ ވަނީ އުވާލައްވާފައެވެ.”
ގިނަބަޔަކު މާލެގެންދިއުން:
11 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 60 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. ގިނަބަޔަކަށް މާލެދާން ތައްޔާރު ވެގެން، 11:30 އަށް ތިބުމަށް ލޭޑީ ވަޑައިގެން އެންގެވިއެވެ. މާލެ ދިއުމަށް ތައްޔާރުވުމަށް އެންގި މީހުންނަކީ، އަބްޖީއާއި ޒުހައިރާ، އާންޓީއާއި މަރިޔަމްމަނިކެ (އީވާން ނަސީމް މަންމަ) އާއި މާނީ ލަޠީފު (ގޯގޯ ލަޠީފުގެ ދަރިފުޅު) އާއި ނައުޝާދު ވަހީދެވެ. މިމީހުންނަށް މާލެއަށް ދެވޭތީ އަޅުގަނޑުމެން އެންމެން އުފާކުރީމެވެ. މިއަދަކީ އެއްފަހަރާ އެންމެގިނަ މީހުން މާލެ ގެންދާދުވަހެވެ. މީގެކުރިން ޢަލީ އަބްދުﷲ އާއި ޢާދިލާއި އެކްސްރޭ ޢާޠިފާއި ނަފާ ނަސީމް ވަނީ ދެދުވަހެއްގެ މަތިން މާލެ ގެންގޮސްފައެވެ. އަބުޖީ ގެންދިއުމުގެ ކުރިން އަޅުގަނޑު އަބުޖީއާ ވާހަކަ ދައްކާލީމެވެ. އަބުޖީ ހުންނެވީ އުފަލުން ގޮސް ރޮވިފައެވެ. މިވާހަކަތަކު ތެރޭގައި އަޅުގަނޑު ވެސްހުރީ ފެންކަޅި ވެފައެވެ.
ޟުޙާނަމާދު ގަވައިދުން ކުރަން ފެށުން:
އަބުޖީ އަޅުގަނޑާ ވަކިވަމުން ހަނދާންކޮށްދިން ވަޞިއްޔަތަކީ، ޟުޙާނަމާދު ދާއިމީކޮށް ކޮންމެ ދުވަހަކު އިރުއެރުމުން، ކުރަމުން ގެންދިއުމަށެވެ. އަޅުގަނޑު ކޮންމެދުވަހަކު ދާއިމީކޮށް ޟުޙާނަމާދު ކުރަންފެށީ އަބުޖީގެ ނަޞޭޙަތަށެވެ. މުޅި އުމުރަށް ޟުޙާނަމާދު ކުރުމަށް އެދުވަހު އަޅުގަނޑު ނިޔަތްގަތީމެވެ. މިކަމާ އަބުޖީއަށް އަބަދުވެސް ޝުކުރުވެރި ވާންޖެހެއެވެ. މީހުންނެރުމުގެ ކަންތައް، ލޭޑީ ކުރެއްވީ ވަރަށް ލުއިދެއްވައި ގެންނެވެ.
އަޅުގަނޑު މެންނަށް ވާހަކަދައްކާ ހެދުމުގެ ހުއްދަވަނީ ހުޅުވާލާފައެވެ. މިއެންމެން ގެންދިއުމުން ޖަލުތެރެ ވަރަށް ހަމަހިމޭން ވެގެންދިޔައެވެ. ހަވީރު ޖަލުއޮފީހުގައި ލޭޑީގެދަށުން މަސައްކަތް ކުރައްވާ، ނަޞީރު ދުރުވެ މިބައި (އެއް ނަމްބަރުޖަލު) ގެ ފަހަތުން ހަދާނިމުނު ގޮޅިތަކުން ގޮޅިއަކަށް މިއަދު އިލްޔާސް ބަދަލުވާން ޖެހޭނެކަމަށް އަޅުގަނޑަށް އެންގެވިއެވެ. އަޅުގަނޑު އާދޭހޭ، ދެންނެވީމެވެ.
ދޫނިދޫ އެއް ނަމްބަރު ޖަލުގައި، 29 ގޮޅި ހުރެއެވެ. އަޅުގަނޑުމެން ބަންދުކުރުމާ އެކުހެން ފުރަތަމަ ދެބަރީގައިހުރި ގޮޅިތައް މަރާމާތުކުރަން ފަށައިފިއެވެ. ފަހަރަކު މަރާމާތަށް ފަށަނީ ބަރިއެއް ނުވަތަ ދެބަރިއެވެ. ކުރީގެގޮޅިތައް މަރާމާތު ކުރަންފެށީ، ފަހަތުގައި އަލަށް ހެދިގޮޅިތައް ހަދާނިމުމުންނެވެ. އަލަށްހެދި ގޮޅިތައް ނިމިގެން މިއަދަކީ އެގޮޅިތަކަށް ގައިދީން ވައްދާ ދުވަހެވެ. މިއަދަކީ އެކަން ދައުރުވަމުން އައިސް އަޅުގަނޑާ ޖެހުނުދުވަހެވެ. އަޅުގަނޑު ގެންގޮސްލީ އެންމެފަހަތު ބަރީގައިހުރި، 26 ވަނަ ގޮޅިއަށެވެ. މިއީ އަލަށްހެދި ގޮޅިތަކުން ގޮޅިއެކެވެ. 1 ނަމްބަރު ޖަލުގައި ގޮޅިތައް މިހާރުހުންނަނީ މިދަންނަވާ ތަރުތީބުންނެވެ. ފުރަތަމަ ބަރީގައި އެއްގޮޅިއެވެ.
އެއީ އެންމެއިސްކޮށް ހުރިހާ ބަރިއެއްގެ މެދަށް ވާގޮތަށް ކުރިމަތީގައި ހުންނަ، އެއް ނަމްބަރު ދީފައިވާ ގޮޅިއެވެ. ދެން ދެވަނަބަރީގައި ހުންނަނީ، ދެއަކާއި ތިނަކާއި ހަތަރަކާއި ފަހެއް، މިހަތަރު ގޮޅިއެވެ. ދެން ތިންވަނަ ބަރީގައި ހުންނަނީ، ހައެއް، ހަތެއް، އަށެއް، ނުވައެއް، އަދި ދިހައެއް، މިފަސް ގޮޅިއެވެ. ދެން ހަތަރުވަނަ ބަރީގައި ހުންނަނީ، އެގާރަ، ބާރަ، ތޭރަ، ސާދަ، ފަނަރަ، ސޯޅަ، ސަތާރަ، އަށާރަ، އަދި އޮނަވިހި، މިނުވަ ގޮޅިއެވެ. ދެން ފަސްވަނަބަރި، އަދި އެންމެފަހު ބަރީގައި ހުންނަނީ، 20 ން ފެށިގެން، 29 އާހަމައަށް، 10 ގޮޅިއެވެ.
އެއް ނަމްބަރު ޖަލުގެ މިގޮޅިތަކު ތެރޭގައި އެންމެ ރަނގަޅު ގޮޅިތައް ހުންނަނީ، 4 ވަނަ ބަރީގައެވެ. ހުރިހާ ގޮޅިއެއްގެ ބޮޑުމިނަކީ، 8 ފޫޓު، 8 ފޫޓެވެ. އެހެނަސް މިބަރީގައި ފާޚާނާ ހުންނަނީ ގޮޅީގެބިތާ އެއްވަރަށް، 8 ފޫޓަށް ދަމާލާފައެވެ. ފުޅާމިންވެސް ހަތަރުފޫޓު ހުންނާނެއެވެ. އެއްކޮޅުގައި ވެންވަރާތަނެވެ. އަނެއްކޮޅުގައި ފާޚާނާކުރާތަށި ބަހައްޓާފައެވެ. ދޮރުމަތީގައި އޮންނަ ފެންޑާކޮޅު ވެސް ގޮޅީގެ ފުޅާމިނަށް، 8 ފޫޓަށް އޮވެއެވެ. އަދި ތަޅުންކޮޅުގެ ފުޅާމިން ތިންފޫޓު ހުންނާނެއެވެ. ގޮޅީގެ ދޮރުހުޅުވައި ދިނުމުން މިތަޅުންކޮޅު ވަރަށް ފުރިހަމައަށް ބޭނުން ކުރެވުނެވެ. ކަސްރަތު ކުރެވެއެވެ. ކާންމޭޒު ބަހައްޓައިގެން އިނދެވެއެވެ. ސަރަންފީ ގޮނޑީގައި ފޮތާއި ނޫސްފަދަ ތަކެތިލިބުމުން ކިޔާލަން އިނދެވެއެވެ.
އަދި ގޮޅީގެ ބޮޑުދޮރު ކައިރީގައި ކުރިމަތި ބިތުގައި ، 4 ފޫޓު، 4 ފޫޓުގެ ދަނގަޑުތޭރި ލެއްވި ބާގަނޑު ދޮރެއްހުރެއެވެ. މިބާގަނޑު ހުންނާތީ ވަރަށް ވައިވަދެއެވެ. ފަސްވަނަ ބަރިވެސް ހުންނަނީ މިކަހަލަ ގޮތަކަށެވެ. ފާޚާނާ ހުންނަނީ، 4 ފޫޓު، 4 ފޫޓަށް ކުޑަކޮށެވެ. ގޮޅީގެ ކުރިމަތީ ފެންޑާ އޮންނަނީ، 4 ފޫޓުދިގުކޮށް ފުޅާކޮށް ދެފޫޓަށެވެ. ތަންކޮޅެއް ކުޑަކޮށެވެ. އެނދަށް އަށްޓެއް އަދި އަލަމާރިއަށް ހަރުގަނޑެ ކޮންކުރީޓު ކޮށްގެން ހަދާފައި ހުއްޓެވެ. ކޮންކުރީޓު މޭޒަކާއި ކޮންކުރީޓު ތަނބު ބުރިއެއް އިށީނުމަށްހުރީ ހަދާފައެވެ. މިފަހަރުގެ މަރާމާތުގެ ބުރުގައި ކުރަމުން ގެންދިޔައީ، ގޮޅީގެ އެތެރޭގެ މިކަހަލަ މަސައްކަތެވެ. އެތެރެއާއި ބޭރުން ކުލަލާ އާކޮށް ހެދިއެވެ. މިގޮތަށް ކޮންކުރީޓުން އެނދަށް ބޭނުންކުރާ އަށްޓާއި މޭޒާއި ގޮނޑިއާއި ކަބަޑްހެދުމުން ގޮޅިތެރޭގެ ޖާގަވަނީ ގެއްލިފައެވެ.
އަށީގައި ސިންގަލް ގޮދަޑިއެއް ބޭއްވީމާ ގޮދަޑިން ދިގުމިނުގައި ކައިވަތެއްވަރު އަށިން ބޭރުވެފައި ހުރެއެވެ. ވިއްސާރަ ދުވަސްވަރު ގޮދަޑީގެ ދަށްފުށް އޮންނަނީ ފިނިހިފައި ތެމިފައެވެ. އަވީލަން ޖެހިފައެވެ. ގޮޅީތެރޭގައި ކުރިންހުރި ތަނަވަސްކަން މިހާރުވަނީ މުޅިން ގެއްލިއްޖެއެވެ. ހުސްތަނުގައި ކުނަލެއް ރީތިކޮށް އަޅައެއް ނުލެވެއެވެ. ޤިބްލަ ހުންނަގޮތުން ނަމާދަށް ހުންނަން ޖެހެނީ ވަރަށް އުނދަގޫ ގޮތަކަށެވެ. އަދި ޢަމުދުން ސްޓޭންޑް އެނބުރޭ ފަންކާއެއް ގޮޅީތެރޭގައި ގެންގުޅޭއިރު ހުސްތަންކޮޅެއް ގޮޅީތެރޭގައި އެއްގޮތަކަށް ވެސް ނޯވެއެވެ. ޖާގައިގެ ގޮތުން ވަރަށްދައްޗެވެ. އެއްވަނަ ބަރިއާއި ދެވަނަ ބަރީގައި ތޭރިލެއްވި ކުޑަދޮރު ބާގަނޑެއް ނުހުރެއެވެ. ފާޚާނާ ބައިގައި ހުންނަނީ ވައިވައްދަން އިސްކޮޅާ އެއްހަމައެއްގައި ހަތަރު އެސްލޯނު ހޮޅީގެ ހަތަރު އިންޗީގެގުދު ފާރުގައި ވަޅުލާފައެވެ.
ފާޚާނާއަށް އަލިކަމެން ނުވަތަ ވައިކޮޅެއް ވަންނަންހުރީ މިހަތަރު ލޯވަޅެވެ. އަލިކަން ރޭގަނޑާއި ދުވާލު ހުންނަލެއް ކުޑައެވެ. ރޭގަނޑު އަލިވާން އިންނަނީ ބޭރުގައި އިންނަ ކުޑަބޮތްކެއް އެކަންޏެވެ. ގޮޅީގެ ކުރިމަތީގައި ހުންނަ ތޭރިލެއްވި ހަތަރުފޫޓު ހަތަރުފޫޓުގެ ބާގަނޑު ހުންނަނީ ހަމައެކަނި، 4 ވަނަ ބަރީގައާއި، 5 ވަނަ ބަރީގެ ގޮޅިތަކުގައެވެ. ފަހުން އިބުރާހުރީ، 11 ނަމްބަރު ގޮޅީގައެވެ. ކުރިން، 2 ނަމްބަރު ގޮޅީގައެވެ. ޝައިޚް ފަރީދު ކުރިންހުންނެވީ، 3 ނަމްބަރުގައެވެ. ފަހުން، 12 ނަމްބަރުގައެވެ. ފުރަހަނި ޝުޢައިބު ކުރިން، 26 ނަމްބަރުގައެވެ. ފަހުން، 3 ނަމްބަރުގައެވެ. އަދި އޭގެފަހުން، 27 ނަމްބަރުގައި އަޅުގަނޑާ ޖެހިގެންނެވެ.
އަޅުގަނޑު ގެނެސް، 26 ނަމްބަރު ގޮޅިއަށް ވެއްދިއިރު، 27 ގައި އޮންނެވީ ޝުޢައިބެވެ. މިކަމާ އަޅުގަނޑު ވަރަށް އުފާވިއެވެ. ޝުޢައިބާއި އަޅުގަނޑަކީ އަބަދުވެސް މަޝްވަރާކޮށްގެން ކަންތައްކުރާ ދެމީހުންނެވެ. އަޅުގަނޑު މެން ދެމީހުން ސައްލާކޮށްގެން މިތިބެނީ މިރޭގޮތެއް ވާނެކަމަށެވެ. އެމެރިކާ ސަފީރު ވިދާޅުވި ގޮތަށް ބަލާއިރު މާދަމާއަކީ، 12 ވަނަ ދުވަހެވެ. ޚައްސަ މަޖިލީހުގެ ޖަލްސާތައް އަލުން ފެށޭނެ ދުވަހެވެ. މިވާހަކައިގާ ނުނިދާތިއްބައި ލޭޑީ ދުރުވީ، ޢަލީ ފާއިޒު ބަލާއެވެ. އޭރުގަޑިން ރޭގަނޑު، 11:30 ވަރު ވެދާނެއެވެ. ޢަލީ ފާއިޒު ގެންދިއުމުން، މާލެއަށް ޚާއްސަ މަޖިލީހުގެ، 4 ބޭފުޅަކު ގެންދެވުނީއެވެ. އެއި އާދިލާއި އެކްސްރޭ ޢާޠިފާއި ނަފާނަސީމާއި އަލީ ފާއިޒެވެ. ޢަލީފާއިޒާއެކު މާލެއަށް އަޅުގަނޑު ނުގެންދިއުމުން، ދެންމިރޭ ނުގެންދާނެކަމަށް ނިންމައި އަޅުގަނޑާއި ޝުޢައިބު ނިދީ ވަރަށް ފަހުންނެވެ.
އަޅުގަނޑުގެ ގޮޅިހުންނަނީ ހުޅުވާފައެވެ. ޝުޢައިބުގެ ގޮޅިހުންނަނީ ތަޅުލާފައެވެ. ވަގުތުލިބޭ ވަރަކުން އެގޮޅިއަށް އަޅުގަނޑު ގޮސްހަދަމެވެ. އަޅުގަނޑުގެ ޚާއްސަކޮއްތުން ޝުޢައިބަށް އަބަދުވެސް އެއްބައިދީ ހަދަމެވެ. އަޅުގަނޑަށް ލިބޭތިންފުޅި ފެނުން ފެންފުޅި ވެސް ދީހަދަމެވެ. ފަތިސް ނަމާދަށް ބަންގި ގޮވާ ވަގުތު ޖެހުމުން އެގޮޅިއަށް ވަދެ ބައެއްފަހަރު ޝުޢައުބަށް ގޮވާހަދަމެވެ. ބަންގިހަރުއަޑުން ގޮވާނީ ޝުއައިބެވެ. މިކަހަލަ ކަންތަކާ ފަހުންފަހަށް އައިސް ގާޑުންނަށް ތިބޭ އޮފިސަރުން އަޅައެއް ނުލައެވެ. ބައެއްފަހަރު ގޮޅިހުރަސްކޮށް ހަދާތަން އެމީހުންނަށް ފެނެއެވެ. މައްސަލައަކަށް ނުހަދައެވެ.
12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 61 ވަނަ ދުވަހެވެ. އެމެރިކާ ސަފީރު ވިދާޅުވެ ދެއްވިގޮތަށް، ރައްޔިތުން މަޖިލިސް ކުރާގޭގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއް މިއަދު ހެދުނު، 9:00 ގައި ބޭއްވުނެވެ. މިއީ އެޖަލްސާތައް މެދުކެނޑުމަށް ފަހު، އަލުން ފެށުނު ދުވަހެވެ. މިއަދުގެ ޖަލްސާ އޮންނާނެކަން އެންމެފުރަތަމަ އަޅުގަނޑަށް އެނގުނީ އަޅުގނޑާ ބައްދަލުކުރެއްވި އެމެރިކާ ސަފީރު، 12 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނޭ ވިދާޅުވެ ދެއްވާފައި ވާތީއެވެ.
މިޖަލްސާއަށް އަޅުގަނޑު ނުގެންދިޔައީ ހައިޖާނު ހެދުމުގައި އިސްކޮށް އުޅެފާނެތީއެވެ. އެހެނަސް މިޖަލްސާ ކުރިޔަށް ދިޔައީ ސަފީރު ވިދާޅުވި ގޮތަށް ޖަލުގައި ތިއްބެވި ހުރިހާ މެމްބަރުން އެޖަލްސާގައި ތިއްބަވައި ގެންނެއް ނޫނެވެ. އެޖަލްސާއަށް ހާޒިރުވެވޭގޮތަށް ޖަލުން ދޫކޮށްދެއްވީ، ޢަލީފާއިޒާއި އަޙްމަދު ޢާދިލާއި އެކްސްރޭ ޢާޠިފާއި ނަފާ ނަސީމެވެ. ޢަލީ ފާއިޒު ގެންދިޔައީރޭ އެގާރަ ޖެހިފަހުންނެވެ. ޖަލުން ދޫކޮށްލި މެމްބަރަކާއި ކުރިން ދޫކޮށްލެވުނު ތިން މެމްބަރުން މިޖަލްސާގައި ބައިވެރިކުރީ އެމެރިކާއިން އެދުނުގޮތަށް ދިވެހި ސަރުކާރުން އަމަލުކޮށްފިކަން ދެއްކުމަށެވެ.
އާދެ! ޖަލުންދޫކޮށް ލެއްވިއިރު، ޢަލީ ފާއިޒު ހުންނެވީ، 24 ނަމްބަރު ގޮޅީގައެވެ. މިއަދުގެ ޖަލްސާއަށް އެއްނަމްބަރު ޖަލުން ދޫކޮށްލެއްވި ބޭފުޅަކީ ޢަލީފާއިޒު އެކަންޏެވެ. ދެން މިޖަލްސާއަށް މިނިވަންވި، 3 ބޭފުޅުން ތިއްބެވީ ދޫނިދޫ، 2 ނަމްބަރު ޖަލުގައެވެ. ޢާދިލް މާލެ ގެންދިޔައީ، ޢަލީ ޢަބްދުﷲ (އަލިބެ) މާލެ ގެންދިޔަ ދުވަސް ކަމުގައިވާ، 7 ވަނަ ދުވަހުގައެވެ. ނަފާނަސީމާއި އެކްސްރޭ ޢާޠިފު މާލެ ގެންދިޔައީ ލަފާކުރެވޭގޮތުގައި މިމަހު، 8 ވަނަ ދުވަހުގައެވެ. އެހެންވުމާއެކު ޖަލުބަންދުގައި ތިއްބެވި، 11 މެމްބަރުންގެ ތެރެއިން، 12 ވަނަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވޭ ގޮތަށް ދޫކޮށްލެއްވީ، މިދެންނެވި، 4 މެމްބަރުން އެކަންޏެވެ.
ދޫކޮށްނުލައި ޖަލުގައި ބޭތިއްބި މަޖިލީހުގެ މެމްބަރުންނަކީ، އިބުރާއާއި ޑޮކްޓަރ ޙުސައިނާއި އަޅުގަނޑު، އިލްޔާސާއި އަޙްމަދު ޝަފީޤު (ގާދީއްފުށި ސައްޕެ) އެވެ. ސައްޕެ އަދިވެސް ހުންނެވީ، 2 ނަމްބަރު ޖަލުގައެވެ. ދޫނިދޫ ގަނޑުވަރުގައި ތިއްބެވީ، ޤާސިމާއި ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ޙުސައިން ޒަކީއެވެ. މިވީގޮތުން ޖަލުގައި ތިއްބެވި، 11 މެމްބަރުންގެ ތެރެއިން، 12 ވަނަ ދުވަހުގެ ޖަލްސާއަށް ހާޒިރުވެވުނީ އެންމެ، 4 މެމްބަރުން ނަށެވެ.
އަދިވެސް އަނެއް، 7 މެމްބަރުން ތިއްބެވީ ޖަލުގައެވެ. އެހެންވުމުން މިކަން ވެގެން މިދިޔައީ، އީޔޫއަށާއި އެމެރިކާ ސަފީރަށް ދައްކާލި އޮފްދާރު ދަޅައަކަށެވެ. މިއަދުގެ ޖަލްސާދިޔައީ ފުރަތަމަ ދުވަހުގެ ޖަލްސާ ދިޔަހެން ވަރަށްފޯރި ގަދަކޮށެވެ. މިޖަލްސާއިން ވަކިގޮތެއް ނުނިންމި، ޖެހުނީ އަނެއްކާވެސް ހުއްޓާލާށެވެ. ޖަލްސާގެ ބާކީބައި އެހެން ދުވަހެއްގައި ކުރިޔަށް ގެންދާގޮތަށް މިއަދުގެ ޖަލްސާ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ އާރައީސް ސީނާ އަޙްމަދު ޒާހިރު ހުއްޓާ ލެއްވީއެވެ. މިއީ ވެސް އޮނަރަބަލް ހަމީދުހެން ރައީސް މައުމޫނުގެ ޕަޕެޓެކެވެ.
އެމްނެސްޓީ ޓީމައި ޖަލުގައި ބައްދަލުވުން:
މިއަދު ހަވިރު ވަގުތެއްގައި އެމްނެސްޓީ އިންޓަރނޭޝަނަލުން މިސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްބޭފުޅާ ކަމުގައިވާ، މިސްޓަރ އައްބާސް އާއި އިތުރު އަންހެން ބޭފުޅެއް އަޅުގަނޑު މެންނާ ބައްދަލުވާން ޖަލަށް ވަޑައިގަތުމުން އުނދޯލިގޭއަށް އަޅުގަނޑު ނެރުނެވެ. މިއީ ވަރަށް އެކަހެރިކޮށް އިތުރު މީހަކުނެތި މިނިވަން ޖައްވެއްގައި ހިނގާދިޔަ ބައްދަލުވުމެކެވެ. ފުލުހުންނާއި ސިފައިންނާއި ޖަލުގެ ފަރާތުން އެއްވެސް ބޭކަލަކުނެތެވެ. ތިބީ އަޅުގަނޑާއި އެދެމީހުން އެކަންޏެވެ. ވަރަށް މިނިވަން ކަމާއެކު ދެފަރާތުގެ ވާހަކަތައް ކުރިޔަށް ގެންދެވުނެވެ.
ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް މިދެބޭފުޅުންނަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އެބޭފުޅުންވެސް ކުރެއްވީ ހަމައެއް ވަށްތަރެއްގެ ސުވާލުތަކެވެ. ތަފާތު އާވާހަކައެއް ނާދެއެވެ. އަންހެންބޭފުޅާ އައްސަވައިފިއެވެ. ތިޔަހެންތިބޭއިރު ކިޔާލާނެ ފޮތާއި ނޫސްމަޖައްލާ ލިބޭހެއްޔެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ކަރުދާސް، ވާހަކަފޮތް، ރޭޑިޔޯފަދަ ތަކެތި އެއްގޮތަކަށް ވެސް ނުލިބެއެވެ. އެއީ މުޅިން މަނާތަކެއްޗެވެ. މިތަކެތި ބޭނުންވެގެން އެދުމުން، ޖަލުއޮފީހުން ބުނަނީ އެއީ ޖަލަށް ވެއްދުން މަނާތަކެތި ކަމަށެވެ.
އެބޭފުޅުން ވިދާޅުވަނީ، އެޙައްޤުތައް ފޯރުކޮށް ދެވެންޏާ މިތަން ޖަލަކަށް ނުވާނެ ކަމަށެވެ. މިރާއްޖޭގެ ޖަލުތަކަކީ ވަރަށް އަނިޔާބޮޑު ތަނެކެވެ. އެއްވެސް އިންސާނީ ޙައްޤެއް ލިބިގެން ނުވާނެއެވެ. ކަސްރަތުކޮށްލާނެ ތަންކޮޅެއްވެސް ގޮޅިތެރޭގައި ނޯވެއެވެ. އަމުދުން އަޅުކަން ކުރުމަކީ ވެސް މަނާކަމެކެވެ. މިހުރިހާ ވާހަކަތައް ވަރަށް ތަފްސީލުކޮށް، މިދެބޭފުޅުން ނޯޓު ކުރެއްވިއެވެ.
ހަމަ މިކަހަލަ ސިޔާސީ ކަމެއްގައި އަޅުގަނޑާއި މުޙައްމަދު ނަޝީދު، އަންނި، 1990 ވަނަ އަހަރު ޖަލަށްލީ ފަހަރު ވަރަށް ތަފްސީލުކޮށް އެމްނެސްޓީއަށް އަޅުގަނޑުމެން ޖަލުގައި ތިބެގެން ސިއްރުން ރިޕޯޓެއް ފޯރުކޮށް ދިނީމެވެ. އޭރު މިގޮތަށް ތިޔަބޭފުޅުންނަށް ޖަލުތަކަށް ނާދެވެއެވެ. ބޭރުޖަމާޢަތްތަކުގެ ފަރާތުން ޖަލަށް ޒިޔާރަތް ކުރުމަކީ ހުއްދަދޭކަމެއް ނޫނެވެ. އެރިޕޯޓު ހޯއްދަވައިގެން ބައްލަވާ ލެއްވުމުން އޭރުޖަލުގައި ކަންތައްހުރި ގޮތާއި މިހާރު މިބުނެދެމުން ގެންދާގޮތައި މާބޮޑުތަފާތެއް ނެތްކަން ތިޔަބޭފުޅުންނަށް އެނގިލައްވާ ނެއެވެ.
މިވާހަކައިގެ ޖަވާބުގައި އައްބާސް ވިދާޅުވިއެވެ. ރާއްޖެ އައުމުގެކުރިން ތިޔަހުރިހާ ރިޕޯޓުތައް ބެލީމެވެ. އަދި ބޭރުގައި ތިއްބެވި ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ ބަރާބަރަށް ވާހަކަ ދެކެވުނެވެ. އެމީހުންނާ ބަރާބަރަށް ގުޅުން އޮވެއެވެ. އަންނިއާއި ޑޮކްޓަރ ވަހީދު ރަނގަޅަށް ދެނެލައްވާ ކަމަށް އައްބާސް ވިދާޅުވެ ދެއްވިއެވެ. މިއީ އަޅުގަނޑު ޖަލަށްލީ ފަސްވަނަ ފަހަރުކަމާއި އެފަހަރުތަކުގެ ރެކޯޑްސް އެމްނެސްޓީގައި ފެންނަން ހުންނާނެކަމަށް ދެންނެވީމެވެ. 1990 ވަނަ އަހަރު ރާއްޖޭގެ ކުށްވެރިންނައި ގުޅިގެން އެމުނެސްޓީން ފުރަތަމަ ފަހަރަށް ނެރުނު ޚާއްސަ ރިޕޯޓުގައި އަޅުގަނޑު މެންގެ ވާހަކަތައް ހުންނާނެއެވެ.
މިހާރުވެސް ތަޙުޤީޤުތައް ހިންގަނީ ރޭގަނޑުގައި އަނިޔާކުރަމުން ކަމުގައި ދެންނެވީމެވެ. ދެން އޮތީކޮން ވާހަކައެއްތޯ އައްބާސް އެއްސެވުމުން އަޅުގަނޑު ދެންނެވީމެވެ. ތިޔަބޭފުޅުން އަޅުގަނޑު މެންނާ ބައްދަލުކުރަން އަންނާނެވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވީ މިޖަލަށް ޒިޔާރަތް ކުރެއްވި، އެމެރިކާ ސަފީރުކަމާއި އެމަނިކުފާނު ވިދާޅުވީ ތިޔަބޭފުޅުން ވަޑައިގަންނަވާއިރު އަޅުގަނޑުމެން ތިބޭނީ، 12 ވަނަ ދުވަހު އަލުން ޖަލްސާތައް ފެށޭއިރަށް މާލެއަށް ގެންދަވާފަ ކަމަށެވެ. އެހެނަސް އަދިވެސް މިތިބީ ޖަލުގެ ކުޑަގޮޅީގައެވެ. އެމްނެސްޓިން ދިވެހިންނާއި ގުޅޭގޮތުން ދެވަނަ އަށް ތައްޔާރުކުރި ރިޕޯޓަކީ މިއީއެވެ.
މިއަދުގެ ޖަލްސާ ކުރިޔަށް އެގެންދަނީ، އަޅުގަނޑު މެންގެ ތެރެއިން މިނިވަންކުރި، 4 މެމްބަރުންނާ އެކުގައެވެ. ދެންތިއްބެވި ގަނަމެމްބަރުން މިތިބީ އަދިވެސް ޖަލުގައެވެ. ބައެއްބޭފުޅުން ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައި އެބަތިއްބެވެ. އެހެންވުމުން މިވާހަކަތައް އަޅުގަނޑުގެ ފަރާތުން އިއްޒަތްތެރި ސަފީރަށް ދަންނަވައި ދެއްވުން އެދެމެވެ. އަދި ވެސް އަޅުގަނޑުމެން މިތިބީ ޖަލުގެ އަނިޔާގައި ކަމަށް ދަންނަވައި ދެއްވާށެވެ. 12 ވަނަ ދުވަހުގެ ޖަލްސާއަށް ދޫކޮށްލީ އެންމެ، 4 މެމްބަރުންނެވެ. ދެން ތިއްބެވި، 7 މެމްބަރުން އަދިވެސް މިތިބީ ކުޑަގޮޅީގެ ބިރުވެރި އަނިޔާގައި ކަމަށް ތަކުރާރުކޮށް މިބޭފުޅުންނަށް ދެންނެވީމެވެ.
ވީމާ އައްބާސްގެ އަރިހުން އަޅުގަނޑުގެ އެދުމަކީ އެމެރިކާ ސަފީރުއަރިހުގައި މިވާހަކަ މިގޮތަށް ދަންނަވައި ދެއްވުމެވެ. ސަރުކާރުން އެމެރިކާއާއި އީޔޫއަށް އޮޅުވާލެއްވީއެވެ. އަދި ސަފީރު ވިދާޅުވެ ދެއްވިގޮތަށް ކަންތައް ނުދިއުމުން، އަޅުގަނޑުމެން، ޖަލުގައި ތިބެގެން އެކަމާ ނިހާޔަތަށް ހިތާމަކުރާ ކަމަށް ދެންނެވީމެވެ. މިވާހަކަ ނޯޓު ކުރެއްވުމަށް ފަހު، ވީހާއަވަހަށް ސަފީރަށް ދަންނަވައިދޭނެ ކަމަށް އައްބާސް ވިދާޅުވިއެވެ. ދެން މިބައްދަލުވުން ނިންމާލީ ވަރަށް އުފާވެރި މައުޙައުލެއްގައި ތިންމީހުން ސަލާމްޤަލާމް ކުރުމަށް ފަހުގައެވެ. އެއަށް ފަހު، ނަޞީރު ދުރުވެ، އަޅުގަނޑު ގެނެސް ގޮޅިއަށް ލީއެވެ.
ޚަބަރު ލިބޭގޮތުގައި އިބުރާ އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ. މިމަހު، 5 ވަނަދުވަހުރޭ ދަންވަރު، ހޮސްޕިޓަލަށް ގެންދިޔަގޮތަށް އަދިވެސް އެއޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައެވެ. މިކަންވެސްކުރީ ވަރަށް ހެއްވާކޮށެވެ. 6 ވަނަ ދުވަހަކީ އެމެރިކާ ސަފީރު ޖަލަށް ޒިޔާރަތް ކުރެއްވި ދުވަހެވެ. ބުނެވޭގޮތުގައި އިބުރާ ހޮސްޕިޓަލަށް ގެންދިޔައީ އެމެރިކާ ސަފީރާ ބައްދަލުވިޔަ ނުދޭށެވެ. އިބުރާ އަޅުގަނޑު މެންނަށް ވުރެން ގިނަވާހަކަތައް ސަފީރު އަރިހުގައި ދަންނަވާފާނެތީއެވެ. މިކަންތައް ކާމިޔާބު ކުރިޔަސް، އެމްނެސްޓީ އިންޓަރނޭޝަނަލް ބޭފުޅުން ހޮސްޕިޓަލުގައި އިބުރާއާ ބައްދަލުކުރި ޚަބަރުލިބުނެވެ.
13 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 62 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މިއަދު ހައްޔަރުކޮށް ފައިތިބި މީހުންގެ ތެރެއިން، 5 މީހަކު މިނިވަންވިއެވެ. ކޮންބައެއްކަމެއް ސާފެއްނުވެއެވެ.
14 އޮކްޓޯބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 63 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މެންދުރުކުރިން ރުކު އާ ބައްދަލުވިއެވެ. ރުކު ގޮވައިގެން އައިސްހުރީ އަޅުގަނޑުގެ ކޮއްކޮ އިބުރޭއެވެ. ވިޒްކޯ ދޯނީގައެވެ. ދަވިޒު ކޮމްޕެނީ ލިމިޓަޑު އަކީ އަޅުގަނޑުމެން އާއިލާގެ ކުންފުންޏެކެވެ. މިބައްދަލުވުން އޮތީ އުނދޯލި ގޭގައެވެ. ނަޞީރު މާބޮޑަށް މިކަމަކާ ނޫޅުއްވައެވެ. އަޅުގަނޑާއި އަންހެނުން ބޭނުންހާ ވާހަކައެއް ދައްކަންއޮތީ މިނިވަން ކަމާއެކު ދޫކޮށް ލާފައެވެ. ގޭގެ ހުރިހާކަމެއް ވެސް ރަނގަޅެވެ. ޓޭން އާއި ރޭމް ވެސް މުޅިން ބަރާބަރެވެ. އެކުދިން ދެކެނީ ބައްޕަވީ އޮފީހު ދަތުރެއްގައި ރާއްޖެތެރޭގައި ކަމަށެވެ. ހެހެހެހެހެ! ގޮސްޖެހޭނީ އެކުދިންނަސް ކިޔައިދޭށެވެ!!
އަޅުގަނޑަކީ އަބަދުވެސް އެޓޮލްސް މިނިސްޓްރީގެ ފަރާތުން ރާއްޖެތެރޭގައި ގިނަދުވަސް ވަންދެން ދަތުރުގޮސް އުޅެހަދާ މީހަކަށްވާތީ، ދޮށީދަރިފުޅު ޓޭން ބައްޕަ ނުފެންނާތީއެއް ނޫޅެއެވެ. އޭނާގެ ޢުމުރަކީ އެންމެ ހަތަރު އަހަރާއި ހަމަހެވެ. މަޝްހޫރު ލޯޔަރު އަލްއުސްތާޒު މުޢިޒު ހުންނެވީ ހުރިހާ ލިޔެކިޔުންތައް ފުރިހަމަ ކުރައްވައިގެން ޖަލަށް ވަޑައިގެން އަޅުގަނޑާ ބައްދަލުވާން ތައްޔާރަށް ކަމަށް އަންހެނުން، ރުކު ބުންޏެވެ. ގަޑިއެއްހާ އިރުއަނގަ ތަޅަންތިބެފައި ދެމީހުން ވަކިވީ ވަރުގަދަ ބައްދާ ސަލާމަކުން ރޮއިލާއި ދޮންދީހަދާފައެވެ. އިބުރޭ އޭރުދޯނީގައި ބަލަން ހުއްޓެވެ. އިބުރޭއަށް ވޭވްކޮށް ލާފައި ރުކުދޯންޏަށް އެރުމުން އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދީއެވެ.
މިއަދަކީ މެދުކެނޑުމަށް ފަހު، ޚާއްސަ މަޖިލީހުގެ ދެވަނަ ޖަލްސާގެ ނުނިމި އޮތްބައި ކުރިޔަށް ގެންދިޔަ ދުވަހެވެ. އެޖެންޑާއަކީ ކުރީދުވަހުގެ އެޖެންޑާއެވެ. މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު ހޮވުމެވެ. ޖަލްސާ ފެށުމާއެކުހެން ޖަލްސާ ދިޔައީ ހޫނުވަމުންނެވެ. ހަލަބޮލި ވަމުންނެވެ. އޮތީ ޤާސިމުގެ ނަންހުށަހަޅާ ގޮތަށެވެ. ސަރުކާރުން ހުށަހަޅާ ނަމަކަށްވަނީ، އެންދެރިމާގޭ އަލްފާޟިލް އައްބާސް އިބްރާހީމްގެ ނަންފުޅެވެ. ވޯޓުލާނެ ގޮތަކާ ގުޅިގެން ހޫނުގަދަ ބަހުސަކަށް ފަހު، ޚާއްސަ މަޖިލީހުގެ ރައީސްކަމަށް ޤާސިމާއި އައްބާސް، މިދެބޭފުޅުންގެ ނަންފުޅު ހުށަހެޅި ވޯޓަށް އެހުމުން ޖަލްސާދޫކޮށް، 12 މެމްބަރުން ތަޅުމުން ކުކުންނެވިއެވެ.
އެހެނަސް ވަގުތީރައީސެއްގެ ގޮތުން ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ އާރައީސް ސީނާ އަޙްމަދު ޒާހިރު މިކަން ގެންގޮސްދެއްވީ ރައީސް މައުމޫނު ބޭނުންފުޅުވާ ގޮތަށެވެ. ގަދަބާރުން އަމިއްލަ ނުފޫޒު ބޭނުންކުރައްވައިގެންނެވެ. އައްބާސް ހޮވޭނެހާ ހުރިހާގޮތަކަށް މަގުފަހި ކުރައްވައި ގެންނެވެ. ހުރިހާ ކަމެއްވެސް ގެންގޮސް ނިންމާލީެއްވީ، ރައީސް މައުމޫނު އަންގަވާފައި އޮތްގޮތަށެވެ. ގާނޫނު އަސާސީގެ، 133 ވަނަ މާއްދާއާ ޚިލާފަށް ހާމަވޯޓެއް، އަތްހިއްލާ ގޮތަށް ނަންގަވައި ގެންނެވެ. 133 ވަނަ މާއްދާގައި ވަނީ މިފަދައިންނެވެ.
“ޤާނޫނު އަސާސީއާއި ޤާނޫނުގައި ކަނޑައެޅިފައިވާ އިންތިޚާބުތަކާއި އާއްމުވޯޓު ތަކުގައި ނަގަންވާނީ ސިއްރު ވޯޓެކެވެ.”
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޙަމީދު އިންނަވައިގެން ފެއްޓެވި ޚާއްސަ މަޖިލީހުގެ ހުއްޓާލަން ޖެހުނު، ފުރަތަމަ ޖަލްސާގައި ވެސް ކުރެވުނީ ހަމަ މިބަހުސެވެ. ޙަމީދަށް ގޮތެއްނުނިންމެވި ޖެހިވަޑައިގަތީ އިސްތިޢުފާ ދެއްވާށެވެ. މިފަހަރު ވެސް އަޅުގަނޑުމެން އެންމެން ހަމައަށް ތިބެވުނު ނަމަ، ޖެހުނީހީ ސިއްރުވޯޓަކަށް ދާށެވެ. ފާޅުގައި އަތްހިއްލައިގެން ވޯޓުލިޔަކު ނުދޭނަމެވެ. ފަހެ، މައްސަލަ ޖެއްސި ހުރިހާ މެމްބަރުންނަށް ޖެހުނު އަޖަލަކީ ބޮޑު ބަޣާވާތެއްގެ ތުހުމަތު ބޮލުގައި އެޅިގެން ޖަލަށް ވަންނާށެވެ. އަދިވެސް ތިބެން ޖެހިފައި މިވަނީ، ދޫނިދޫޖަލުގެ ކުޑަގޮޅި ތަކުގެ އަނދިރީގައެވެ. ސަރުކާރު އިންގިލާބުކޮށްލަން އުޅުނު ބާޣީންގެ ގޮތުގައެވެ.
އާދެ! މިއަދުގެ ޖަލްސާގެ ޚަބަރުތައް ޖަލަށް ލިބުނެވެ. އިސްލާހީ ހަރަކާތަަށް ތާއީދު ކުރައްވާ، 12 އިއްޒަތްތެރި މެމްބަރުން ޖަލްސާގެ ތަޅުން ދޫކޮށް ނުކުތުމުން ވެސް ޖަލްސާ ކުރިޔަށް ގެންގޮސް ހުށަހެޅުނު ދެނަމަށް ވޯޓަށް ރިޔާސަތުގައި އިންނެވި ސީނާ ޒާހިރު އެއްސެވީއެވެ. ޤާސިމަށް ލިބިވަޑައިގަތީ އެންމެ، 5 ވޯޓެވެ. ޤާނޫނު އަސާސީގައި އޮންނަގޮތަށް ސިއްރުން މިވޯޓު ލެވުނު ނަމަ، ނުކުންނެވި، 12 މެންބަރުންގެ ވޯޓާއި ފާޅުގައި ކެރިގެން ވޯޓުލެއްވި ބޭފުޅުންގެ ފަސް ވޯޓާއި އިތުރުވޯޓުތަކެއް، ޤާސިމަށް ލިބިލެއްވީސްކަން ކަށަވަރެވެ.
ގާނޫނުއަސާސީއައި ޚިލާފަށް ވޯޓުލައިގެން ބޮޑުމަޖިލީހުގެ ރައީސަށް އައްބާސް ހޮވުން:
އެހެނަސް ސީނާ ޒާހިރުގެ ޗާލާކީ ބުއްދިން މިކަންތައް ފެއިލްކޮށްލީ ޤާނޫނު އަސާސީއާ ޚިލާފަށެވެ. ރައީސް މައުމޫނުގެ ރުހުމަށެވެ. އަސާސީއާ ޚިލާފަށް ތަޅުމުގައި ވޯޓަކަށް އައްސަވައިގެން ވަކިގޮތަކަށް ފާސްކޮށް ލައްވައިގެން ނެންގެވި ވޯޓުގެ އަޣްލަބިއްލަތުން ޚާއްސަ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ، ރައްޔިތުންގެ މަޖިލީހުގެ ގދ.އަތޮޅު މެމްބަރު އެންދެރިމާގޭ ޢައްބާސް އިބްރާހީމެވެ.
މިވޯޓަށް ފަހު، ދެން އެއްސެވީ ޚާއްސަ މަޖިލީހުގެ ނައިބު ރައިސަކަށް ހުޅަހެޅުނު، ރ.އަތޮޅު ޚާއްސަ މަޖިލީހުގެ މެމްބަރު އަލްއުސްތާޒު ޝާހީން ޙަމީދުގެ ނަންފުޅަށް ފޯޓުލުމަށެވެ. ޚާއްސަ މަޖިލީހުގެ ނައިބު ރައީސަކަށް ހާޒިރުވެތިއްބެވި ބޭފުޅުންގެ އަޣްލަބިއްޔަތުން ހޮވިވަޑައިގަތީ ޝާހީން ޙަމީދެވެ. ރައީސާއި ނައިބު ރައީސް ހޮވުމުގެ މިވޯޓުލާ ނިންމާލެއްވީ ފާޅުކަންބޮޑުކޮށް އަތްހިއްލައިގެން ލެވުނު ވޯޓަކުންނެވެ. ޤާނޫނު އަސާސީގައި ބަޔާންކުރެވިގެން ވާގޮތަށް ސިއްރުވޯޓެއް ލައިގެނެއް ނޫނެވެ. މިއަދުގެ ޖަލްސާ ނިމި އެޖެންޑާ ހުސްވެގެން ދިޔައީ ޤާނޫނު އަސާސީއާ ޚިލާފަށް ހިންގުނު ޖަލްސާއެއްގެ ގޮތުގައެވެ.
މިގޮތަށް ފާޅުކަން ބޮޑުކޮށް، ހާމަކޮންބޮޑު ގޮތަކަށް މިވޯޓު ނެގުމަކީ ގާނޫނީގޮތުން ހުއްދަކަމެއް ނޫނެވެ. މިއީ ސިއްރުން ލާންޖެހޭ ވޯޓެކެވެ. ވޯޓުލާންވީގޮތް އަސާސީގައި ލިޔެވިފައި އޮއްވައި އަތްހިއްލައިގެން ވޯޓަށް އަހާނިންމާ ލެއްވުމަކީ ފާސިދު ޢަމަލެކެވެ. އެވޯޓަކީ ބާތިލްވޯޓެކެވެ. ފަހެ، އަޅުގަނޑާއި ޑޮކްޓަރ ޙުސައިނާއި ސައްޕެއާ ވެގެން ކޯޓަށް ވެއްދީ މިމައްސަލަ ބަލައިދިނުމަށެވެ. ޞައްޙަރައުޔެއް ކޯޓުން ހޯދުމަށެވެ. ޖިނާއީ ކޯޓުން މިމައްސަލަ ނުބެލޭނެކަމަށް ބުނެ ބޭރުކޮށްލީއެވެ. ދެން އަޅުގަނޑުމެން ތިން މީހުން ނިންމީ މިކަން ޖިނާއީކޯޓުން ބޭރުކޮށްލީމައި އިސްތިއުނާފު ކުރުމަށް ހައިކޯޓަށް އެމައްސަ ވައްދާށެވެ. އޭކަމަށް ފޯމުތައްވެސް ތައްޔާރު ކުރެވުނެވެ. އެފީމުގެ ފުރަތަމަ ގަނޑުގެ ފޮޓޯއެއް މިވަނީއެވެ.
އެހެނަސް އޭގެ ބަދަލުގައި އަޅުގަނޑަށް ޖެހުނުޙާލަކީ، ސަރުކާރުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްލުމަށް ފަހު، ލަޖަށް ވަންނާށެވެ. ރައީސްމައުމޫނުގެ ސަރުކާރުގެ ޢަދުން އިންސާފަކީ މިއީއެވެ. މިއަދުގެ ޖަލްސާ ނިމިގެން މިދިޔައީ ޚާއްސަ މަޖިލީހަށް ރައީސަކާއި ނައިބު ރައީސަކު އިންތިޚާބު ކުރެވިގެންނެވެ. އަދި އެކަން ރަސްމީކޮށް އިއުލާނު ކުރެވިގެންނެވެ. ރަސްމީކޮށް ޔައުމިއްޔާ ކުރެވިގެންނެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ބަންދުގައިހުރި، ސިފައިންގޭގައި އަދިވެސް ވަޒީފާއޮތް، މުޙައްމަދު ރާއިދު މާލެ ގެންދިޔައެވެ. އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއިދު، އިބުރާކައިރިއަށް ފޮނުވައިގެން ކުރިމަސައްކަތަކީ ޖާސޫސުކުރުން ހިންގުމެވެ. މީނާއަކީ، މީގެކުރިން ހިނގާފައިހުރި އެކިއެކި ޙާދިޘާ ތަކުގައި ސިޔާސީ މީހުންގެ ޖާސޫސަކަށް މާލެތެރޭގައި އުޅެނިކޮށް ތެތްއަތައި ހިފި، ފަޅާއަރާފައިވާ މީހެކެވެ. މާދަމާއަކީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ ފުރަތަމަ ރޯދަ ހިފަންޖެހޭ ދުވަހެވެ.
15 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 64 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީ ބަންދު ދުވަހަކަށް ވާތީ ޖަލުތެރެ ހަމަހިނމޭން ދުވަހެކެވެ. އަދި ޢަމުދުން މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ މުލަރޯދަ ދުވަހެވެ. ހިޖްރީ ސަނަތުން، 1425 ވަނަ އަހަރުގެ ރަމަޟާންމަހު އެއްވަނަ ދުވަހެވެ. ރޯދަވީއްލުމާއި ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށެވެ. އުފާވެރި ކޮށެވެ.
ގޮޅީގެ ދޮރުހުންނަނީ ހުޅުވައި ދީފައެވެ. ގޮޅީގެ ފެންޑާ ތަޅުންކޮޅަށް ނުކުމެ ސަރަންފީ ގޮނޑީގައި އިށީނދެއިނދެ ގިނަވަގުތު ހޭދަކުރުމާއި ޢަޞުރު ނަމާދަށް ފަހު، އެތަޅުންކޮޅު މަތީގައި ކަސްރަތު ކުރުމާއި މިކަހަލަ ކުރިން ނުކުރެވޭ އެތައްކަމެއް ކުރެވެއެވެ. ބޭނުންވާ އިރަށް ޝުޢައިބަށް ގޮވާލާހެދެއެވެ. ވާހަކަ ދެއްކެއެވެ. އެގޮޅި ކައިރިޔަށް ޖެހިލާ ހެދެއެވެ. އަޅުގަނޑަށް ހުންނަނީ ޚާއްސަ ކާނާއެވެ. ޚާއްސަ މެނޫއެއް ހަދާފައި އޮވެއެވެ. މިކަމުގެ އެންމެ ފައިދާބޮޑީ އަލްއަޚު ފުރަހަނި ޝުޢައިބަށެވެ. ޝުޢައިބު ރޯދަވީއްލަނީ ބަންގިގޮވާފައެވެ. އަޅުގަނޑު އެއްވެސް އެއްޗެއް ޝުއައިބަށް ނުދީ ނުކަމެވެ.
16 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 65 ވަނަ ދުވަހެވެ. މިބުރުގައި ޖަލުގައި ހުންނަތާ، 10 ވަނަ ހަފްތާއަށް ފެށުނީއެވެ. އަދިވެސް ފޮތެއް ފަންސޫރެއް މަޖައްލާއެއް އެއްޗެއް ނުލިބެއެވެ. ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އެމްނެސްޓީ އިންޓަރނޭޝަނަލުން ވަރަށް އަވަހަށް އެކަން ހަމަޖެހޭނަކަން ވަނީ، އަންގަވާފައެވެ.
17 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 66 ވަނަ ދުވަހެވެ. ރޯދައިގެ ވަރުބަލި ކަމުގައި ތިބީއެވެ. މިއަދު ވަކިޚާއްސަ ކަމެއް ނެތެވެ.
18 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 67 ވަނަ ދުވަހެވެ. މިއަދަކީ އުފާވެރި ދުވަހެކެވެ. މިއަދުހަވީރު ވަގުތެއްގައި ނޫހާއި މަޖައްލާ ލިބުނެވެ. މިއީ މިބުރުގައި ކިޔާލާނެ ނޫހެއް މަޖައްލާއެއް ފަދަ އެއްޗެއް ލިބުނު ފުރަތަމަ ދުވަހެވެ. މީގެ ފަސްދުވަސް ކުރީގެ ނޫސް ލިބިފައި ހުއްޓެވެ. ޓައިމް މަޖައްލާއަކާއި ނިއުސްވީކެއް ލިބުނެވެ. މިއީ މިދިޔަ ހަފްތާގެ އަދަދުތަކެވެ.
އަދި މިދިޔަހަފްތާގެ ހުވާސް ކަޖައްލާއަކާއި އައްޑުވަސް މަޖައްލާއަކާއި ދަރުމަ މަޖައްލާގެ ކޮޕީއެއް ލިބިފައި އޮތެވެ. މިހާތާޒާކޮށް ޚަބަރުތައް ލިބުނީމާ ވަރަށް އުފާވިއެވެ. މިއީ މިބުރުގައި އަލަށް މިފަދަ އެއްޗެއް ލިބުނު ފުރަތަމަ ފަހަރެވެ. މިއީ ބޭރުދުނިޔޭގެ މަސައްކަތުންނާއި ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮށްދެއްވި މަސައްކަތުގެ ނަތީޖާއެވެ. މިހުރިހާ އެއްޗެއްގައި ލިޔެފައިހުރި ހުރިހާއެއްޗެއް އެކުގައި އަޅުގަނޑު ކިޔަމެވެ. އެއްވެސް އަކުރެއް ދޫކޮށެއް ނުލަމެވެ.
19 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 68 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މުޅި ދުވަސް އެކުގައިހެން ދަނީ، ނޫސް މަޖައްލާތައް ކިޔުމުގައެވެ.
20 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 69 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ، ދުވާލު މާގިނަކަމެއް ނުހިނގައެވެ. ތަރާވިސް ނަމާދަށް ފަހު، ތަރާވީސް ބޮއިގެން ވާހަކަ ދައްކަން ތިއްބާ އެންމެ ފުރަތަކަ ނެރުނީ އިބުރާއެވެ. ދެން، 11:30 އެހާކަންހާއިރު ނެރުނީ ޢިމްރާނެވެ. މިދެބޭފުޅުންނަކީ އެއް ނަމްބަރު ޖަލުން ނެރުނު ބޭފުޅުންނެވެ. ދެން ދެނަމްބަރު ޖަލުން ނެރުނުކަމަށް ޚަބަރުލިބުނީ، ނަޒާކީ އިބްރާހީމް ޒަކީއާއި ތްރީއޭ ޢަލީ ޝިޔާމާއި ސަންލޭންޑް ނަޒީރުގެ ކޮއްކޮ، އަފްޟަލްއެވެ. މިއެމްމެންވެސް ގެންދިޔައީ މާލެއަށް ގެއަށެވެ.
ސަންލޭންޑް ނަޒީރު ހުންނެވީ އެއް ނަމްބަރު ޖަލުގައެވެ. މީނާ ބިރުނުގަންނާތީ މިބޭފުޅާއައި ވާހަކަދައްކާލާ ހެދެއެވެ. ނަޒީރުގެނައި ނޯބެއާ ޢަލީޢަބްދުﷲ ގެންދިޔަ ފަހުންނެވެ. ނަޒީރުގެ މައްސަލައަކީ، އިބްރާހީމް ޙުސައިން ޒަކީއަށް ބައެއް ކަންކަމުގައި އެހީތެރި ވެދިނުމެވެ. އަދި އިންޑިޔާގެ ސިޔާސީ އިސް ބަޔަކާއެކު ނަޒީރުގެ ޔޮޓެއްގައި ބޭއްވުނު ބައްދަލު ކުރެއްވުމަކާއި ބައެއް މެއިލްތަކަކާ ގުޅިގެން ސުވާލު ކުރުމަށެވެ. ޒަކީއަކީ އިންޑިޔާގެ ޖާސޫސީއިދާރާއައި ސިއްރުގުޅުންތަކެއް އޮންނަބޭފުޅެކެވެ.
އާދެ! ކަޅުހުކުރުގެ މިބަންދާ ގުޅިގެން އިބްރާހީމް ޙުސައިން ޒަކީ ދެއްވާފައިވާ، 11 ސޮފްހާގެ ބަޔާނަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުން ކޮންމެހެންވެސް މުޠާލަޢާ ކުރައްވަންޖެހޭ ވަރަށް މުހިންމު ބަޔާނެކެވެ. އަދި ދިވެހިތާރީޚު ދިރާސާ ކުރައްވާ ބޭފުޅުން، ޚާއްސަކޮށް ކިޔަވާކުދިން ކޮންމެހެން ވެސް ބައްލަވާލައްވަން ޖެހޭނެ ބަޔާނެކެވެ. މިބަޔާނުގެ ކޮޕީއެއް އަޅުގަނޑަށް ލިބޭގޮތެއް ނުވިއެވެ. އެހެނަސް އެބަޔާން ދެފަހަރެއްގެ މަތިން އަޅުގަނޑުގެ އެދުމުގެ މަތިން، އަޅުގަނޑުގެ ލޯޔަރ އަޙްމަދު މުޢިޒް އަޅުގަނޑު މުޠާލަޢަކޮށްލަން އަޅުގަނޑު އަތަށް ދެއްވިއެވެ. ފޮޓޯކޮޕީއެއް ނުދެއްވިއެވެ.
ސިޔާސީ ކަންކަމުގައި ޒަކީގެ ހިތްވަރާއި ފިނޑިކަން ހުރިމިންވަރު މިބަޔާނުން އަގުވަޒަން ކޮށްލެވޭނެއެވެ. ލޯޔަރ މުޢިޒްގެ ލޯފާރމްގެ ޢަރްޝީފްގައި މިބަޔާން އަދިވެސް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ކަންތައް ދިރާސާ ކުރައްވާ ކިޔަވާކުދިން މިބަޔާން އޮތްތާކުން ހޯއްދަވައިގެން ބެއްލެވުމަކީ މިޤައުމަށް ޓަކައި ކޮންމެހެން ވެސް ކުރަންޖެހޭކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.
އަދިމިރޭ ދަންވަރު ވަގުތެއްގައި، ޤާސިމް މާލެ ގެންދެވި ޚަބަރު ލިބުނެވެ. އެހެނަސް މާލޭގެ އަތިރިމައްޗަށް ރައްޔިތުން އެއްވެފައި އޮތުމުން އަނބުރާ ގެނެސް އަނެއްކާވެސް އޮޅުވާލާފައި އެހެން ދިމާއަކުން މާލެއަށް އެރުވީކަމަށް ވެއެވެ. ޒަކީ އޮންނެވީ އައިޖީއެމް ހޮސްޕިޓަލު ގައެވެ. ހޮސްޕިޓަލުން ޒަކީ ގެންދާގޮތަށް ހަމަޖެހިފައި އޮތީގެއަށެވެ. މިރޭގެ ވަގުތެއްގައި ޑޮކްޓަރ މުޙައްމަދު މުނައްވަރު ވެސް މާލެ ގެންދިޔައެވެ. މިތިން ބޭފުޅުން ގެއަށް ބަދަލު ކުރައްވައި ގޭގައި އިޢުލާނެއް ބެހެއްޓެވިއެވެ.
އެއިން ގެއެއްގެ ރަޖިސްޓްރީގައި ނެތްމީހަކަށް އެއިން ގެއަކަށް ނުވަދެވޭ ގޮތަށް އެއިޢުލާނުގައި ލިޔެފައި ވެއެވެ. މިދަންނަވާ އިޢުލާނުގެ އިބާރާތަކީ މިއެވެ. “މިގޭގައި ނިދާކައިބޮއި ހަދާމީހުން ފިޔަވާ އެހެންމީހުން މިސަރވިސްގެ ހުއްދަ ލިބިގެން ނޫންގޮތަކަށް މިގެއަށް ވަދެ ނުކުމެ އުޅުމަކީ މަނާކަމެކެވެ.” މިއީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިޢުލާނެކެވެ. މިއިޢުލާނުގައި ތާރީޚަކަށް ޖަހާފައިވަނީ، 20 އޮކްޓޯބަރ 2004 އެވެ.
މިއީ އިބުރާއާއި ޤާސިމާއި ޑޮކްޓަރ މުނައްވަރު، މިތިން ބޭފުޅުން ގެއަށް ބަދަލުކުރި ރެއެވެ. ޒަކީ ހޮސްޕިޓަލުން ގެއަށް ގެންދަވާނެ ކަމަށްވަނީ އަންގަވާފައެވެ. މިކަންމިކުރީ، ބައިނަލް އަޤްވާމީ މުޖްތަމަޢުގެ ޕްރެޝަރުގައެވެ. 12 ވަނަ ދުވަހަށް ދޫކޮށްނުލައިގެން އިތުރަށް ޕްރެޝަރ އަންނަމުން ދިޔައެވެ. އެހެނަސް އަދިވެސް އެންމެ ރުޅިއަންނަ، 3 މީހުން ކަމުގައި ޢަބްދުﷲ ޙަމީދުގެ މައްސަލަަ ކޯޓަށް ވެއްދި ތިން މެންބަރުން ތިބީ ދޫނިދޫގެ ޖަލުގައި ކުޑަގޮޅީގައެވެ. މެމްބަރންގެ ތެރެއިން މިހާރު ޖަލުގައި ބާކީވެފައި މިތިބީ އަޅުގަނޑުމެން އެތިންމީހުންނެވެ. ސައްޕެއާއި ޑޮކްޓަރ ޙުސައިން ރަޝީދާއި އަޅުގަނޑެވެ. ސައްޕެ އަދިވެސް ހުންނެވީ ދެނަމްބަރު ޖަލުގައެވެ. މިހާރުމިދަނީ ޒާތީޙަސަދައިގެ ބައެވެ. އަޅުގަނޑުމެން ތިންމީހުން ޖަލުގައި އެކަނިކޮށްފައި މިތިބީ، ޒާތީރުޅިވެރި ކަމެއްގައިކަން ސާފިކޮށް އެނގެއެވެ.
21 އޮކްޓޯބަރ 2004 ވީބުރާށްފަތި ދުވަސް، ޖަލުގައި ހުންނަތާ، 70 ވަނަ ދުވަހެވެ. މިބުރުގައި ކުޑަގޮޅީގައި ހުންނަތާ، ބަރާބަރު، 10 ހަފްތާހަމަވީއެވެ.
“ޖުމްހޫރީ މައިދާނުގައި ހިންގިޤާނޫނާ ޚިލާފް އަމަލުތަކުގައި ހަރަކާތްތެރި ވިކަމަށް ތުހުމަތު ކުރެވޭ” ހ.މަނާލް ޒުހައިރާ ޢުމަރާއި ގ.ކެނެރީގޭ ޢަބްދުﷲ ޖަލީލް، އަބުޖީގެ މައްޗަށް ދައުލަތުން ދައުވާ ކުރެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން، މިއަދު ކޯޓަށް ފޮނުވިއެވެ. މިކަން ޢާއްމު ކުރައްވައި އެއޮފީހުން ނެރުއްވި ބަޔާނުގައި އޮތްގޮތުން، ޒުހައިރާ ޢުމަރުގެ މައްޗަށް ދައުލަތުން ކުރައްވަނީ، ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއާއި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރާމެދު ދިވެހިންގެ ތެރޭގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަން އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އަބުޖީގެ މައްޗަށް ދައުލަތުން ކުރައްވަނީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެ ދައުވާއެވެ.
22 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 71 ވަނަ ދުވަހެވެ. ޚާއްސަ ކަމެއްނެތް ދުވަހެކެވެ.
23 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 72 ވަނަ ދުވަހެވެ. މިއަދަކީ ފުރަތަމަ ފަހަރަށް އަޅުގަނޑުގެ ލޯޔަރ މުޢިޒުއާ ބައްދަލުވި ދުވަހެވެ. މިބައްދަލުވުން ހިނގީ ދޫނިދޫޖަލުގައި މުޢިޒުގެ އެދިވަޑައި ގަތުމުގެ މަތިންނެވެ. މިހާތަނަށް ދޫކޮށްލެއްވި މީހުންގެ ވާހަކަތަކާއި ބަންދުގައި ތިބިމީހުންގެ ތެރެއިން ގިނަބައެއްގެ ލޯޔަރަކީ މުޢިޒުކަމަށް ވިދާޅުވިއެވެ. މާބޮޑަށް ފިކުރު ނުކުރުމަށާއި މައްސަލަ މާހޫނުނޫންކަމަށް ވިދާޅުވެ ދެއްވިއެވެ. ދެން ވަރަށް އަވަހަށް މާލެއަށް ގެންގޮސް ފާނެކަމަށް ވިދާޅުވިއެވެ.
އަދި ވީހާއަވަހަށް ހޯމް މިނިސްޓަރ ޢުމަރު ޒާހިރަށް ސިޓީއެއް ލިޔުމަށް މުޢިޒު ވިދާޅުވިއެވެ. މިބައްދަލުވުން ނިންމާލީ ވީހާއަވަހަށް އުމަރު ޒާހިރަށް ސިޓީއެއް ލިޔާގޮތަށެވެ. މިއީ އަޅުގަނޑު ކުރާހިތްވާ ކަމެއްނޫނެވެ. އެހެނަސް މުޢިޒު ވިދާޅުވީމާ މިކަންކުރަން ނިންމީއެވެ. މިއަދު މެންދުރުފަހު ވަގުތެއްގައި މޫސަ (ތަލަ މޫސަ) ތަހްގީގަށް ނެރުމަށްފަހު ބަޔާނަށް ކުޑައިސްލާހެއް ގެނަސް ސޮއި ކުރުވުމާއެކު މާލެ ގެންގޮސް ދޫކޮށް ލެއްވިއެވެ. އެހެނަސް މއ.ބޯގަންވިލާގައި އިޢުލާނު ތަތްކޮށްފައި ހުއްޓާއެގެއަށް އިބުރާއާ ބައްދަލުކުރަން ވަދެގެން އަލުން މާލޭ ވެލްފެއަރ ޖަލުގައި ބަންދުކުރި ޚަބަރުލިބުނެވެ.
24 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 73 ވަނަ ދުވަހެވެ. މިއަދު މެންދުރުކުރީގެ ވަގުތެއްގައި ސަންދާނު ނިސްރީން، ނިންނި މާލެ ގެންދިޔައެވެ. އޭރުއޭނާގެ ބަޔާނުގައި ސޮއިކުރުވާ ނުނިމެއެވެ. ގެންދިޔައީ ގޭގެބަންދަށެވެ. ސަންދާނު މައްސަލައިގެ ޙުކުމް އޭނާގެ މައްޗަށް ކުރިޔެކޭ އެއްގޮތަށް އޮތެވެ. އެހުކުމުގެ ދަށުން ގޭގައި ބެހެއްޓީއެވެ.
މިއަދު ކުރިމަސައްކަތަކީ އަޅުގަނޑުގެ ލޯޔަރ ވިދާޅުވިގޮތަށް ޢުމަރު ޒާހިރަށް ސިޓީއެއް ލިއުމެވެ. މިއީ އަޅުގަނޑު ވަރަށް ކުރާހިތްނުވާ ކަމެކެވެ. އެހެނަސް މުޢިޒުގެ އެދުމުގެ މަތިން މިއަދު އެސިޓީ ލިޔުނީމެވެ. އެސިޓީގެ ޚުލާޞާއަކީ މިއެވެ.
ބިސްމިއްލާ ހިއްރަޙްމާ ނިއްރަޙީމް.
ދޫނިދޫ، 1 ނަމްބަރު ޖަލު، 26 ނަމްބަރުގޮޅި
ދޫނިދޫ ޑިޓެންޝަން ސެންޓަރ
ކ.ދޫނިދޫ.
މިނިސްތަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް އުމަރު ޒާހިރަށް.
ވެދުންސަލާމަށް ފަހު، ދަންނަވަމެވެ. (މިތާގައި މިނޯޓްކޮސްލަނީ އެސިޓީގެ ޚުލާޞާއެވެ.)
7 އޮކްޓޯބަރ 2004 ވީބިރާސްފަތި ދުވަހު، އަޅުގަނޑުވާނީ ބަޔާނުގެ، 4 އަސްލުގައި ސޮއިކޮށްފައެވެ. އެދުވަހުން ފެށިގެން ތަޙްޤީޤުގެ ހުރިހާކަމެއް ވަނީ ނިމިފައެވެ.
މިހާރު ޖަލުގައި ބަހައްޓާފައި މިހުރީ، އެޓޮލްސް މިނިސްޓްރީއިން ރައީސް އޮފީހަށް ލިޔެގެން އަޅުގަނޑަށް ދީފައިވާ ނޯޓިސްގެ މުއްދަތު ގުނުމަށެވެ. ތިންމަސް ހަމަވާންވާ އިރަށް ކޮންމެވެސް ތާކުން ވަޒީފާ ހަމަނުޖެހިއްޖެނަމަ އަޅުގަނޑުގެ ވަޒީފާ ގެއްލޭނެއެވެ. ނޯޓިސްގެ މުއްދަތު ހަމަވަނީ، 8 ނޮވެމްބަރ 2004 ވަނަ ދުވަހަށެވެ. ވީމާ ހޯމް މިނިސްޓަރީން އަޅުގަނޑަށް ވަޒީއެއް ހަމަޖައްސަވައި ދެއްވުން އެދެމެވެ.
އަޅުގަނޑަކީ ރާއްޖޭގައި މީހުންއުޅޭ ހުރިހާރަށަކަށް ދެފަހަރަށް ވުރެން ގިނައިން ޒިޔާރަތްކޮށް، ގިނަގުނަ މަސައްކަތްތަކެއް ދައުލަތަށް ކޮށްދީފައިވާ މީހެކެވެ. ކުދިރަށްރަށުން މީހުން ދިރިއުޅޭ ބޮޑެތިރަށްރަށަށް މީހުން ބަދަލު ކުރުމަކީ، އެޓޮލްސް މިނިސްޓަރ ޢަބްދުއްރަޝީދު ޙުސައިންގެ ލާފާފުޅުމަތިން އަޅުގަނޑު އަމިއްލައަށް ރާވައިގެން ހިންގި ޕްރޮގްރާމެކެވެ. މިމަޝްރޫޢުގެ ދަށުން މިހާރުވާނީ ކުދިތިންރަށް ހުސްކޮށްފައެވެ.
ހދ.ހޮނޑައިދޫއާއި ށ.ފިރުނބައިދޫއާއި ށ.މާކަނޑޫދޫ އަކީ މިހާރުފަޅުރަށް ތަކެއްކަމުގައި ހަމަޖެހިފައި އެވަނީ އަޅުގަނޑުގެ ބުރަ މަސައްކަތުންނެވެ. އަޅުގަނޑާއި އެޓޮލްސް މިނިސްޓަރ ޙަމީދުގެ ޚިޔާލުތަފާތުވީ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކުރެވުނު ގާނޫނު އަސާސީ މާނަކުރުމުގެ ބަހުސެއްގައެވެ. މިކަން މިހެންއޮތަސް އަދި އަޅުގަނޑު ކަނޑާލުމަށް ރައިސް އޮފީހަށް ލިޔުއްވައިގެން ނޯޓިސް ދެއްވާފައި ހުއްޓަސް އަޅުގަނޑަކީ ޙަމީދު ވަރަށް އިތުބާރުކުރި މީހެކެވެ.
ޙަމީދުގެ ބަދަލުގައި، ސިފައިންގެ ތެރޭގައި ހުންނަ ދައުލަތުގެ މައިތިޖޫރި ހުޅުވުމަށް ތަޅުދަނޑިދީފައި ފޮނުއްވަނީ ވެސް އަޅުގަނޑެވެ. އަދި ތިޖޫރީގެ އެދުވަހެއްގެ މަސައްކަތް ނިމެންދެން ތިޖޫރި ބަލަހައްޓަން ހުންނަނީ ޙަމީދުގެ ބަދަލުގައި އަޅުގަނޑެވެ. އަދި އެކިބައްދަލުވުން ތަކުގައި އަޅުގަނޑަކީ އެޓޮލްސް ގައިހުރި ޖަވާހިރެކޭ އެތައްފަހަރަކު ޙަމީދު ވިދާޅުވެފައި ހުންނާނެއެވެ.
އަދި އެންމެ ރަނގަޅު މުވައްޒަފުގެ ފިލާ ދެއަހަރެއްގެ މަތިން އަޅުގަނޑަށް ޙަމީދުގެ އަތްޕުޅުން ދެއްވާފައި ވެއެވެ. މިއަދު އަޅުގަނޑަށް ސަރުކާރުގެ އެހެން އޮފީހަކުން ވަޒީފާއެއް ތިންމަސް ދުވަހުގެ ތެރޭގައި ހޯދުމަށް ނޯޓިސް ދެއްވާފައި ހުރުމުން އަޅުގަނޑަށް ހޯމް މިނިސްޓްރީއިން ވަޒީފާގެ ފުރުސަތެއް ދެއްވައި މިހާރު މިހުރިބަންދުން ދޫކޮށްލަ ދެއްވުން އެދި އިޚްލާޞްތެރި ކަމާއެކު ދެއްނަވަމެވެ. އަދި އެޓޮލްސްގައި ހުރެގެން ހޯމް މިނިސްޓްރީގެ ގިނަޓާސްކްފޯސް ތަކުގައި އަޅުގަނޑު މަސައްކަތް ކޮށްދީފައި ވާނެއެވެ.
ވީމާ އަދިވެސް އެއްފަހަރު ތަކުރާރުކޮށް ދަންނަވަނީ، އަޅުގަނޑު ދޫކޮށްލައްވައި ތިޔަމިނިސްޓްރީން ވަޒީފާއެއް ދެއްވުމަށެވެ. އަަޅުގަނޑުގެ ވަޒީފާ ނުގެއްލޭނެގޮތް ހައްދަވައި ދެއްވުމަށެވެ.
އިޙްތިރާމް ޤަބޫލްކުރެއްވުން އެދެމެވެ.
24 އޮކްޓޯބަރ 2004މ. ޚާދިމުކުލް މުޠީޢު، އިލްޔާސް ޙުސައިން އިބްރާހީމް. ސޮއި.
މިނިސްޓްރީ އޮފް ހޯމް އެފެއާޒް / މާލެ
ދިވެހިރާއްޖެ.
25 އޮކްޓޯބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 74 ވަނަ ދުވަހެވެ. މިއަދަކީ އަނެއްކާވެސް ބޮޑުމަޖިލީހުގެ ޖަލްސާއެއް އޮތް ދުވަހެކެވެ. މިއަދުގެ އެޖެންޑާ ގައިއޮތީ މަޖިލީހުގެ ގަވާއިދެއް ހެދުމުގެ މަޝްވަރާއެވެ. މިބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ދެނަމްބަރު ޖަލުގައި ތިބިއެންމެން، އެއްނަމްބަރު ޖަލަށް މިރޭގެނައެވެ. މުހައްމަދު ފުޅު ވެއްދީ، 6 ނަމްބަރު ގޮޅިއަށެވެ. އައިސީ ވެއްދީ، އެއްނަމްބަރު ގޮޅިއަށެވެ. ޙުސްނުއް ސުޢޫދު ވެއްދީ ފަހުން އަބްޖީ ހުންނެވި، 18 ނަމްބަރު ގޮޅިއަށެވެ. ހޮލޯގްރާމް އަޙްމަދު އާދަމް، އަންމަޑޭ ވެއްދީ، 19 ނަމްބަރަު ގޮޅިއަށެވެ.
ކުޅުދުއްފުށީ އަބުސީ ވެއްދީ، 9 ނަމްބަރު ގޮޅިއަށެވެ. ތިނަދޫގޭ ނަޒީރު ޖަމާލް ވެއްދީ، 7 ނަމްބަރު ގޮޅިއަށެވެ. ޅޮހީގޭ މާހިރު ރައްޓެހި ލ.އަތޮޅު ޝަކޫރު ވެއްދީ، 8 ނަމްބަރު ގޮޅިއަށެވެ. ގާދިއްފުށި ސައްޕެ، އަޙްމަދު ޝަގީޤު ވެއްދީ، 11 ނަމްބަރު ގޮޅިއަށެވެ. ސިފައިންގެ ބޭކަލެއްގެ ގަޔަށް ވަޅިހެރި ޙުސައިން، ޕައިޑަރ ވެއްދީ، 29 ނަމްބަރު ގޮޅިއަށެވެ. މުޙައްމަދު އިޔާޒު ވެއްދީ، 10 ނަމްބަރު ގޮޅިއަށެވެ. ޒިޔާއްޓޭ ވެއްދީ ކުރިން އަޅުގަނޑުހުރި، 17 ނަމްބަރު ގޮޅިއަށެވެ. ޅޮހީގޭ މާހިރު ވެއްދި ކުރިން ދާދަރާހުރި، 16 ނަމްބަރު ގޮޅިއަށެވެ. 15 ނަމްބަރު ގޮޅިގައިހުރީ އިސްމާޢީލް ޢާޞިފް، އާސިއްޕެއެވެ.
ވަލީދުހުރީ، 14 ނަމްބަރު ގޮޅީގައެވެ. 13 ނަމްބަރު ގޮޅީގައި ހުންނެވީ ސަންދާނު އަހަންމައިދީއެވެ. 12 ނަމްބަރު ގޮޅީގައި، ޝައިޚް ފަރީދެވެ. އަޅުގަނޑުމެން އެއްނަމްބަރު ޖަލަށް ޖަމާވުމަށް ފަހު، ތިބީމިގޮތަށެވެ. ވަރަށްމަޖާ މާހައުލެކެވެ. އެންމެން މަޝްވަރާކޮށް ހަދަމެވެ. ގުޅިގެން ކަންތައްކޮށް ހެދެއެވެ. މައްސަލައަކަށް ނުވެއެވެ. އެންމެން އެއްތަނަކަށް ޖަމާވީއެވެ. މިމީހުން އެތެރެއަށް ވެއްދިއިރު އަޅުގަނޑު މެންގެގޮޅީގެ ދޮރުތައް ހުޅުވައިދީފައި ހުރެފައި މިމީހުންގެ ގޮޅިތަކުގެ ދޮރުތައް ބަންދުކުރުމުން އަލަށް ގެނެވުނު މީހުން މައްސަލަ ޖެއްސިއެވެ. ޙުސްނުއް ސުޢޫދު މިކަމާ އިހްތިޖާޖު ކުރުމުގެ ގޮތުންހުރީ ނުކައެވެ. މީނާގެ ބަހަކީ ތަފާތުކޮށްގެން ނުވާނެއެވެ. ވަކިބައެއްގެ ދޮރުތައް ހުޅުވައިދީފައި އަނެއްބައެއްގެ ދޮރުތައް ބަންދުކުރުމަކީ އިންސާފެއް ނޫންކަމަށެވެ. ހުސްނު މިކަން ސަމާލުކަމަށް ގެނައުމުން މިކަމާ ޖަލުއޮފީހުން ވިސްނާނެ ކަމަށް އެންގިއެވެ.
ޖުމްހޫރީ މައިދާނުގައި ހިނގިޙާދިޘާއާ ގުޅިގެން މީހުން ހައްޔަރު ކުރުމުގައާއި ބަންދު ކޮށްފައި ބޭތިއްބުމުގައި އިންސާނީ ޙައްޤުތަކާޚިލާފު އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށްޓަކައި އާންމު ތަޙްޤީޤެއް ބާއްވަވާގޮތަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް އިން ހަމަޖައްސަވައި އެކަން މިއަދު އިޢުލާނު ކުރެއްވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު އަލްއުސްތާޒު ޙުސްނުއް ސުޢޫދާއެކު ޖުމްލަ، 33 މީހަކު ޖަލުގައާއި ގޭގެބަންދުގައި މިހާރުއެބަ ތިބިކަމަށް ބުނެއެވެ. މިކަން އިޢުލާނު ކުރެއްވިއަސް މިފަދަ ތަޙްޤީޤަކީ އެކޮމިޝަނުން ކުރެއްވޭނެ ތަޙްޤީޤެއް ނޫނެވެ. މިއީ އެކޮމިޝަނަށް ކުރެއްވޭނެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެހެނަސް މިއީ ކުރެވިއްޖެއްޔާ ވަރަށް ރަނގަޅު ކަމެކެވެ. ރައްޔިތުންގެ ތަރްޙީބު ލިބޭނެ ކަމެކެވެ.
26 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 75 ވަނަ ދުވަހެވެ. މިރޭ ތަރާވީޙަށް ފަހު، ޖެނީއާއި އައިންތު ނަޖީބު މާލެއަށް ގެންދިޔައެވެ. މިދެމީހުން ގޭބަންދަށް ބަދަލުވީއެވެ. އަދި ހުރިހާ ގައިދީންގެ ދޮރު، ދުވާލު ދިހައަކުން ހުޅުވާފައި ރޭގަނޑު ދިހައަކުން ބަންދުކުރާ ގޮތަށް މިއަދު ޖަލުއޮފީހުން ހަމަޖެއްސިއެވެ. ހުރިހާގައިދީންނަށް ފޮތެއްގައި ލިޔެފައި މިލިޔުންލިޔެ އަންގާއި ސޮއިކުރުވިއެވެ. މިކަން މިގޮތަށް ހަމަޖެއްސުމުން އަޅުގަނޑުމެން އެންމެން އެދުނީ ރޯދަމަހަށް ވާތީ، ހެދުނު ނުވައަކުން ދޮރުހުޅުވާފައި ރޭގަނޑު އެކަކަށް ބަންދުކޮށްދޭ ގޮތަށެވެ. ވަރަށް ފަސޭހައިން މިއެދުން ގަބުލުކޮށް ޖަލުއޮފިހުން މިގޮތަށް ގޮޅީގެ ދޮރުހުޅުވައިދޭ ގޮތަށް ހަމަޖައްސައި ދިނެވެ. އަދި މާދަމާ ރެއިންފެށިގެން މިގޮތަށް ހަމަޖައްސައި ދޭނެކަމަށް އެންގިއެވެ.
27 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 76 ވަނަ ދުވަހެވެ. 2004 ގައި އޮންނައާންމު އިންތިކާބަށް ކުރިމަތި ލުމަށް އިޢުލާނު ކުރުމުން އިލެކްޝަންސަށް މިއަދު ސިޓީއެއް ލިޔުނީމެވެ. ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ގޮނޑިއަކަށް ކުރިމަތިލާން ބޭނުންވާތީ އިލެކްޝަންސުން ފޯމްސެޓް ހޯދުމުގެ ބޭނުމުގައެވެ. އަދި ފޯމްސެޓް ޖަލަށް ފޮނުވައި ދެއްވެންނެތްނަމަ، މާލޭގެ ގޮނޑިއަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ތެރޭގައި އަޅުގަނޑުގެ ނަންހިމަނައި ދެއްވުމަށް އެސިޓީގައި އެދުނީމެވެ. އެކަމަށް ބޭނުންވާ، ދެހާސް ރުފިޔާއާއި ފޮޓޯ ގެއިން ފޮނުވައި ދެއްވާނެކަމަށް ލިޔުނީމެވެ. އަދި މާލޭން ބޭނުންވާ ހުރިހާކަމެއް ހަމަޖައްސައިދޭނީ އަޅުގަނޑުގެ ކޮއްކޮ އިބްރާހީމް ރަޝީދު ކަމުގައި ލިޔުނީމެވެ. ގޮޅީގެ ދޮރުތައް ހެދުނު، 9 ގައި ހުޅުވާފައި ރޭގަނޑު، 1:30 ގައި ލައްޕާގޮތަށް ހަމަޖެހުނުކަން މިރޭހާރު ކެއުމުގެ ކުރިން އަންގައި އެގޮތަށް އަމަލުކުރަން ފެށިއެވެ.
ޖުމްހޫރީ މައިދާނުގައި ހިންގިޤާނޫނާ ޚިލާފު އަމަލު ތަކެއްގައި ހަރަކާތްތެރި ވިކަމަށް ތުހުމަތު ކުރެވޭތީއާއި އަމަންނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ހދ.އަތޮޅު މެމްބަރު މ.އުނިމާގެ އަޙްމަދު ޢާދިލްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ.
28 އޮކްޓޯބަރ 2004 ވިބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 77 ވަނަ ދުވަހެވެ. މިރޭ ތަރާވީހަށް ފަހު މާލެއަށް ގިނަބަޔަކު ގެންދިޔައެވެ. 21 ނަމްބަރު ގޮޅިގައިއޮތް ކޮލަމާފުށީ ފުއާދު ޒާހިރާއި، 25 ނަމްބަރު ގޮޅީގައިއޮތް ދާދަރާ ނަސީމާއި، 24 ނަމްބަރު ގޮޅީގައިއޮތް، ފޮޓޯގްރާފަރ ޙުސައިނާއި، ޙުސްނުއް ސުޢޫދާއި އަންމަޑޭއާއި، 4 ނަމްބަރު ގޮޅިގައިއޮތް، ޤާރީޢަބްދުﷲ އައި މިހަމީހުން މާލެ ގެންގޮސް ދޫކޮށްލި ޚަބަރު ލިބުނެވެ. މާދަމާނޫން އަނެއްދުވަހަކީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލެއްވިތާ، 21 ދުވަސް ހަމަވާ ދުވަހަށްވާތީ، ގާޒީއެއްގެ ކުރިމައްޗަށް ކޯޓަށް ގެންގޮސް ޖަލުގެ މުއްދަތު އިތުރުކުރަން ޖެހޭކަމަށް އެނގިފައިވެއެވެ.
އެހެންވެ މިރޭ އެއްބައި މީހުން ދޫކޮށްލީއެވެ. އަނެއްބައި މީހުންކޯޓަށް ގެންގޮސް، 30 ދުވަސް އިތުރުކުރިއެވެ. މިމުއްދަތު ގުނަންފެށުނީ، 1 ނޮވެމްބަރުން ފެށިގެންނެވެ. މިގޮތަށް، 30 ދުވަސް އިތުރުކުރީ އައިސީ އަށާއި ޒިޔާއްޓޭ އަށާއި ވަލީދަށާއި އާސިއްޕެއަށާއި އިޔާޒަށާއި ގާދީއްފުށީ ސައްޕެއަށެވެ. އެއްބަޔަކު މިރޭދޫކޮށްލީ އެންމެންނަށް މިގޮތަށް ކޯޓަށް ގެންގޮސްގެން ޖަލުގެ ނުވަތަ ގޭގެބަންދަށް ދުވަސް އިތުރު ނުކުރާށެވެ.
29 އޮކްޓޯބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 78 ވަނަ ދުވަހެވެ. ވަކި ޚާއްސަކަމެއް ނެތެވެ.
30 އޮކްޓޯބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 79 ވަނަ ދުވަހެވެ. ޖަލުގެ މުއްދަތު އިތުރުނުކޮށް ތިބިމީހުން، ތިންބުރަކަށް ބަހާލައިގެން މިއަދާއި މިރެއާއެކު ކޯޓަށް ގެންދިޔައެވެ. ޝުޢައިބާއި އަޅުގަނޑަށް ގާޒީލިޔެދިނީ، ގޭގައި ބަހައްޓައިގެން ތަޙްޤީޤު ކުރިޔަށް ގެންދާގޮތަށެވެ. އެހެނަސް ގެނެސްލީ ގޮޅިއަށެވެ. ސަންދާނު އަހަންމައިދީ އަށާއި ޝައިޚް ފަރީދަށް މުއްދަތު އިތުރުކޮށް ނުދެއްވީ އެދެމީހުންގެ ޖަލުގެހުކުމެއް އިއްވިފައި މިހާރުވެސް ވާތީއެވެ. މިހާރު، 1 ނަމްބަރު ޖަލުގައިތިބީ، 21 މީހުންނެވެ. 30 ދުވަސް ގާޒީ އިތުރުކޮށް ދެއްވީ، 19 ގައިދީންނަށެވެ.
ޖުމްހޫރީ މައިދާނުގައި ހިނގިޙާދިޘާއާ ގުޅިގެން ހައްޔަރުކުރި ޖުމްލަ، 211 މީހުންގެ ތެރެއިން، މިހާރު ބަންދުގައިތިބި، 33 މީހުންގެ ތެރެއިން، 7 މީހަކު މިއަދު ދޫކޮށްލެއްވި ކަމަށް ފުލުހުން މީޑިއާއަށް އެންގިއެވެ.
31 އޮކްޓޯބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 80 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސަންދާނު އަހަންމައިދީ މާލެއަށް ގޭގެބަންދަށް ގެންދިޔައެވެ. ޖަލުގައި އަޅުގަނޑު މެންގެތެރެއިން މިހާރުތިބީ އެންމެ، 20 ގައިދީންނެވެ.
1 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 81 ވަނަ ދުވަހެވެ. އަޅުގަނޑުގެ މައްސަލަ ބަންޑާރަ ނައިބު އޮފީހުން ޝަރުޢީ ކޯޓަށް ފޮނުވިކަމަށް މިއަދު އިޢުލާނު ކުރެއްވިއެވެ. އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު ޢަމަލުތަކެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭތީއާއި ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލިކަމަށް ތުހުމަތު ކުރެވޭތީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅު މެމްބަރު މ.ޖަވާހިރުވާދީ އިލްޔާސް ޙުސައިން އިބްރާހީމްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ޝަރުޢީކޯޓަށް ވެއްދިއެވެ. މިއަދު ހަވީރު ވަގުތެއްގައި ޑޮކްޓަރ ޝަކީލު ކައިރިއަށް ނެރުނެވެ. އަޅުގަނޑު އަތުގައި ބޭސް ހުރުމުން އިތުރުބޭސް ލިޔެދޭކަށް ނުހައްދަވައެވެ. ފައިދުޅަވެފައި ބުރަކައްޓަށް ތަދުވާތީ އެވާހަކަ ދެންނެވީމެވެ. މިކަމަށް ވަކިޚާއްސަ ބޭހެއް ނުދެއްވިއެވެ.
ޖަލުގައި ބޫކުހަޅުލާލުހެދުން:
2 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 82 ވަނަ ދުވަހެވެ. މިއަދަކީ ޖަލުގައިބޮޑު މަޝްވަރާއެއް ކުރެވުނު ދުވަހެކެވެ. އަޅުގަނޑުމެން ހަންގަރ ސްޓަރިކެއް ހެދުމަށެވެ. މިކަމުގައި ހުރިހާ ގައިދީންގެ ފަރާތުން އިސްކޮށް ބަސްބުނާ މީހެއްގޮތުގައި ބެހެއްޓުމަށް އެންމެން އެއްބަސްވި މީހަކީ ވަލީދެވެ. މެންދުރުކުރިން ހުރިހާގޮޅިއެއްގައި ތިބިމީހުންނާ ވާހަކަދައްކައި ހެދުމުން ނުކުތްނަތީޖާ އަކީ، މިއަންނަ ބުރާސްފަތި ދުވަހު ރޯދަވީއްލަން އެއްޗެހި ގެނައުމުން ރޯދަނުވީއްލާ ބޫކުހަޅުތާލެއް ފެއްޓުމަށެވެ.
ރޯދަމަހަށް ވާތީ ރޯދަވީއްލަން ތިންކަދުރާއި ފެންބުއިމަކީ ހުއްދަކަމެއް ކަމާއި އެމީހަކަށް ފެނިއްޖެނަމަ ފުރާނައަށް ގެންލުން ނުވާގޮތަށް ކަދުރާއި ފެންބޭނުން ކުރިޔަސް އެކަކުވެސް ކާއެއްޗެއް ކައިގެން ނުވާނެކަމަށް ނިންމުނެވެ. ހުރިހާ ގައިދީންގެ އާންބަސް ލިބުމުން ވަލީދު ރަސްމީކޮށް ޖަލުއޮފީހަށް މިކަން މިއަދު އެންގިއެވެ. ޖަލުއޮފީހުން ވަކި ޖަވާބެއް ބޭނުންނޫން ކަމަށާއި އެކިގައިދީންގެ ހުރީއެކި ޝަރުޠުތައްކަން ޖަލުއޮފީހަށް އެންގުނެވެ. މިގޮތަށް ނިންމައިގެން މިކަން މާލެއަށް އަންގާނެގޮތެއް ނެތިފައި ތިއްބައި ހަވީރުގެ ވަގުތެއްގައި ސޫޒަންފުޅާއި ޑޮކްޓަރ ޙުސައިން ރަޝީދު، ބަލާ އަތުވެއްޖެއެވެ. މާލެއަށް ބަދަލުކުރާށެވެ.
ކުރިން މީހަކު އައިސް އެންގީ މާލެދާގޮތަށް ތައްޔާރުވުމަށެވެ. އެދެމީހުން ބަލާއައީ ހަވީރު ފަހެއް ޖެހިއިރުއެވެ. ދެން ސޫޒަނާއި ޑޮކްޓަރ ޙުސައިން، ހުރިހާ ގޮޅިއަކަށް ހިނގައި ހުރިހާ ގައިދީންނާއި ސަލާމްކޮށް ހެދިއެވެ. ޑޮކްޓަރ ޙުސައިން މާލެއަށް ގެންދިއުމުން ޖަލުގައި ބާކީވެފައި ތިބޭނީ ޚައްސަ މަޖިޅިހުގެ ދެމެމްބަރުން އެކަންޏެވެ. އެއީ އަޅުގަނޑާއި ސައްޕެ އެވެ. ތަޅުމުގައި އެންމެފޯރި އަރުވާ ދެމީހުންނެވެ. އަޅުގަނޑު ގޮޅިއަށް ސޫޒަން އައުމުން ބޫކުހަޅުތާލުގެ ވާހަކަ ބައިނަލް އަޤްވާމީ މުޖްތަމަޢަށާއި ހުރިހާ ގައިދީންގެ ގެތަކަށް ތަފްސީލުކޮށް އެންގުމަކީ ސޫޒަންގެ ކަމެއްކަމުގައި ބުނީމެވެ.
އަދި ކިޔައިދޭންވީ ހުރިހާއެއްޗެއް ބުނެދިނީމެވެ. ޑޮކަށް އެކަމެއް ނުކުރެވޭނެއެވެ. އެހެނަސް ސޫޒަންގެ އަމިއްލަ ކަމެއްގެ ގޮތުގައި މިކަންކުރާށޭ ބުނީމެވެ. އަދި އާއިލާތަކުގެ އެއްވެސް މީހަކު ދެރަނުވުމަށައި، އަޅުގަނޑު މެންގެ ތެރެއިން އެއްވެސް ގައިދީއެއްގެ ފުރާނައަށް ގެއްލުމެއް ވިޔަނުދޭނެ ކަމަށާއި އެކަން ޚާއްސަ ގޮތެއްގައި އަޅުގަނޑު ރަނގަޅަށް ބަލަހައްޓައިދޭނެ ވާހަކަ ބުނެދިނުމަށް ސޫޒަން ގާތުގައި ބުނެދިނީމެވެ. ޑޮކާއި ސޫޒަންގެ ސަމާނާއެކު ނެރެގެން ގެންދިޔައިރު ހަވީރު ފަސްގަޑި ފަނަރަވަރު ވެދާނެއެވެ. ސޫޒަން ގެންދިޔައީ ގޭބަންދަށް ކަމަށް ޖަލުއޮފީހުން ކަށަވަރުކޮށް ދިނެވެ.
ސޫޒަން ގެޔަށް ދިޔަގޮތަށް ޖަލުގައި މިއަންނަ ބުރާސްފަތި ދުވަހުން ފެށިގެން އެކަކުވެސް ނުކައިހުންނަ ގޮތަށް ބޫކުހަޅުތާލެއް ފެށުމަށް ވަނީ ހުރިހާކަމެއް ހަމަޖެހިފައި ކަމަށް މާލެ ތެރޭގައި އަޑުފަތުރާލައި ފިއެވެ. އަދި އިނގިރޭސި ވިލާތުގައި މިކަން އިޢުލާނު ކުރެވިއްޖެއެވެ. އެންމެންގެ ސަމާލުކަމަށް މިކަންތައް ގެނެވިއްޖެއެވެ. މިޚަބަރުތައް އަޅުގަނޑު މެންނަށް ލިބުމުން އިތުރަށް މިކަންތައް ރާވާލައި ބުރާސްފަތި ދުވަހު މިކަންތައް ކުރިޔަށް ގެންދާގޮތަށް ކަށަވަރުކޮށް ނިންމައިފީމެވެ. އަޅުގަނޑުމެން ބޭނުންވާ ގޮތަށް މިކަން ކުރެވުނީމާ ކޮންމެހެން ވެސް މިކަންކުރަން މަޖްބޫރުވީއެވެ. ސޫޒަން މާލެގެންދިއުން ވެގެން ދިޔައީ އަޅުގަނޑު މެންނަށް ލެއްވި ރަޙްމަތަކަށެވެ. އެންމެން ނިދީ، އެދުވަހު އެގަޑީގައި ބޫކުހަޅުތާލު ފަށާގޮތަށް ޢަޒުމް ކަނޑައަޅާއި ނިޔަތްގަނެގެ، ވަޢުދު ކަށަވަރު ކޮށްގެނެވެ.
3 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 83 ވަނަ ދުވަހެވެ. މިއަދު އަޅުގަނޑުގެ ލޯޔަރ މުޢިޒު ޖަލަށް ވަޑައިގަތުމުން އަޅުގަނޑު ނެރުނެވެ. މުޢިޒު ގާތުގައި ބޫކުހަޅުތާލުގެ ވާހަކަބުނުމުން އަޅުގަނޑަށް ދެއްވީ ދިގުނަޞޭޙަތެކެވެ. ވިދާޅުވީ ތިޔައަޑު އަހާފައިވާ ކަމަށެވެ. މުޢިޒުގެ ނަޞޭޙަތަކީ އަޅުގަނޑަކީ ޑައިބެޓިކް މީހަކަށްވާތީ އެކަމުގައި ބައިވެރި ނުވުމަށެވެ. އަދި ސައްޕެއާއި އިލްޔާސް ހައިހޫނު ކަމުގައި ބަޑަށް ހުރުމުގައި ބައިވެރު ނުވުމަކީ ރަނގަޅު ކަމެއްކަމުގައި ވިދާޅުވެ ދެއްވިއެވެ. އަދި މިއީ އޭނާގެ އަމިއްލަ އެދުމެއް ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑުމެން މިކަމުގައި ބައިވެރި ނުވެއްޖެނަމަ ވަރަށްގޯސް ވާނެކަމަށް ދެންނެވުމުން، ވިދާޅުވީ ޑޮކްޓަރަކައި ބައްދަލުކޮށް ލަފާހޯދައިގެން ނޫނީ، އިލްޔާސް ނުކައިހުރެގެން ނުވާނެކަމަށެވެ.
އިލްޔާސަކީ މިހާރު ޑައިބެޓިކް މީހެކެވެ. މުޢިޒު މިގޮތަށް ބާރުއެޅުއްވުމުން މިއަދު ޑޮކްޓަރާ ބައްދަލުކޮށް ލަފާހޯދާނަމޭ ދެންނެވީމެވެ. ދެން އެންމެރަނގަޅޭ ވިދާޅުވިއެވެ. މާލޭގެ ޚަބަރުތައް ރަނގަޅުކަމަށް މުޢިޒު ވިދާޅުވިއެވެ. މިބައްދަލު ވުމަށް ފަހު، އަޅުގަނޑު ޑޮކްޓަރ ޝަކީލްއައި ބައްދަލުވާން އެދުމުން ޖަލުއޮފީހުން އެކަންތައް ހަމަޖައްސައި ދެއްވިއެވެ. ޑޮކްޓަރ ޝަކީލް ކޮންމެދުވަހަކު ވެސް ޖަލަށް ކުއްވެރިން ބެއްލެވުމަށް ވަޑައިގަންނަވައެވެ. މާލަސް ތަކެއްނުވެ ޑޮކްޓަރ ޝަކީލް ކައިރިއަށް އަޅުގަނޑު ނެރުނެވެ. ޝަކީލަށް ބޫކުހަޅުތާލުގެ ވާހަކައާއި މާދަމާރޯދަ ވީއްލަން ގެންނައެއްޗެހި ގެނައިމާ ނުނަގައި، އަދި ނުކައި ތިބެގެން ފަށަން ހަމަޖެއްސި ވާހަކަ ނަންގަތުމުން ޑޮކްޓަރ ޝަކީލް ވިދާޅުވީ ޑައިބެޓިކް މީހުން ރަނގަޅުވާނީ ކެއުމުންނެވެ. ނުކައިތިބެގެން ހަކުރުދަށްވެ އަނބުރައުގަނެ ކޯމާއަކަށް މީހާ ހިނގައްޖެނަމަ، ވަރަށް ނުރައްކާވާނެއެވެ. ސިކުނޑިން ބައެއްސެލްތައް މަރުވެގެން ދާނެކަމަށް ބުނެދިނެވެ. އެހެންވުމުން ޑައިބެޓިކް މީހުން ރަނގަޅުވާނީ ބަރާބަރަށް ކެއުމުންނެވެ.
ބައެއް ޑައިބެޓިކް މީހުން ރޯދައަށް ތިބެނީވެސް ވަރަށް ބަލައިގެންނެވެ. އިލްޔާސަށް ހުރިހާވާހަކައެއް މިކިޔައި ދެވުނީއެވެ. ދެން މީގެއިތުރުން ބުނެދޭނެ އެއްޗެއް ނެތެވެ. ކެއުމާއި ނުކެއުމަކީ އިލްޔާސްގެ އަމިއްލަކަމެކެވެ. އަޅުގަނޑު މިތާނގައި ހުރިއްޔާ އެއްވެސް ގައިދީއެއްގެ ފުރާނައަށް ގެއްލުމެއް ވިޔަނުދީ ހިފާއްޓައި ދޭނަމެވެ. އެހިސާބަށް ދިއުމުން ދޭންޖެހޭ ފަރުވާ، ޑޮކްޓަރީގޮތުން ދޭނަމެވެ. ވަރަށް ރަނގަޅަށް ބަލަހައްޓައި ދޭނެކަމަށް ވިދާޅުވިއެވެ. ބޫކުހަޅުތާލަށް ދިއުމާއި ނުދިއުމަކީ އިލްޔާސް އަމިއްލައަށް ނިންމަން ޖެހޭނެ ކަމެކެވެ.
ތިޔަކަމުން ރަނގަޅުގޮތެއް ވެސް ވެދާނެއެވެ. ހަންގަރސްޓްރައި ކަކީ ދުނިޔޭގައި ސިޔާސީމީހުން ކޮށްއުޅޭ ކަމެކެވެ. ތިމަންނާ އިތުރަށް ދަންނަވާނޭ އެއްޗެއް ނެތެވެ. ދެން ގޮޅިއަށް ގެނެސްލީއެވެ. ޑޮކްޓަރުގެ މިވާހަކަތައް އަހާފައި އަޅުގަނޑު ނިންމީ ކަދުރާއި ފެންބޮއިގެން، އަޅުގަނޑު ވެސް މިބޫކުހަޅުތާލުގައި ބައިވެރިވާށެވެ. މާދަމާ ރޯދަވީއްލާގަޑީގައި ފެނާއި ކަދުރު ނޫން، އެހެންއެއްޗެއް ނުނަގާގޮތަށް އެންމެން އަހުދުކޮށް ނިންމީއެވެ.
މިއަދު ވަރަށް ހަވީރުވެފައި ވަނިކޮށް ތަޙުޤީޤަށް ނެރުނެވެ. ތިއްބެވީ، ޢަލީ އަހްމަދާއި ޝާޠިޙެވެ. މުޅިންވެސް އެއްސެވީ އަޅުގަނޑު ކޮށްފައިހުރި ކޯލްތަކުގެ ވާހަކަތަކެވެ. ދިރާގުންއޮތީ ހުރިހާތަފްސީލެއް ހޯދައިގެން ގެނެސްފައެވެ. އެލިސްޓުގައި ހުރިހުރިހާ ކޯލްތަކަކާ ގުޅިގެން ވަކިވަކިން ކޮންމެކޯލަކާ ގުޅިގެން ސުވާލުކުރިއެވެ. އަޅުގަނޑު ހަނދާންހުރި ވަރަކުން ތެދަށް ކިޔައިދިނީމެވެ. މިއަދު ބޮޑަށް ސުވާލުކުރީ އަޅުގަނޑު ކޮށްފައިހުރި ކޯލްތަކަށެވެ. ރަފްބަޔާނެއް ނަންގަވައިގެން އޭގައި އަޅުގަނޑު ލައްވާރަފްކޮށް ސޮއިކުރުވައިގެން މިއަދަށް ނިންމާލެއްވީ، މާދަމާ ރިސީވްވެފައި ހުރިކޯލްތަކާ ބެހޭގޮތުން ރަފްބަޔާނެއް ނަގާފައި ދެބަޔާން އެއްކޮށްލާފައި އަސްލުބަޔާން ހަދާނީއޭ ކިޔާފައެވެ.
މިކަން ނިމިގެން އިރުކޮޅަކު ވާހަކަދައްކާލަން ތިބީމެވެ. ޢަލީއަޙްމަދު ވިދާޅުވަނީ ވަރަށް އަވަހަށް ރަނގަޅު ގޮތެއް، އިލްޔާސަށް ވާނެކަމަށެވެ. ހަމަ މިރޭވެސް މާލެއަށް ގެންދެވުން އެކަށީގެން ވެއެވެ. މިހާރުތިޔަ ހުންނެވީ ގެންދަން ވެފައެވެ. ލަސްމިވަނީ ކީއްވެގެންކަމެއް އޮޅުންނުފިލާ ކަމަށެވެ. ގެއަށް ބަދަލު ކުރުމުގެ ބާރުއޮންނަނީ ކޮމެޓީއަށެވެ. ތަޙްޤީޤުތައް މިވަނީ ނިމިފައެވެ. މިއީ ފުރިހަމަކޮށްލަން ކޮށްލާކަމެކެވެ.
އިލްޔާސްގެ މައްސަލަ މިހާރުވާނީ ކޯޓަށް ވެސް ހުށަހަޅާފައެވެ. ތިޔަހުންވީ ގެއަށް ގެންދާން ވެފައެވެ. މިވާހަކަތަކަށް ފަހު، ސަލާމްކޮށްލާ ހަދާފައި ގޮޅިއަށް ގެނައުމުން، އައިސް ގޮޅިގައި އިންއިރު ހިތަށްއަރާ އެއްޗަކީ، މިހާރު އަޅުގަނޑު ގެއަށް ނުގެންގޮސް މިހިފާއްޓަނީ، ކޮމެޓީގެ ބޮޑަކަށް ހުންނަވާ ބޭފުޅާގެ ސަބަބުން ކަމަށެވެ. ޙަމީދުގެ ބޭފުޅާ، މައުމޫން ޙަމީދަކީ މިކޮމެޓީއަށް ގާނޫނީލަފާދޭ ބޭފުޅެކެވެ.
4 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 84 ވަނަ ދުވަހެވެ. މިއަދު ތަޙްޤީޤަށް ނެރުނެވެ. ސުވާލުކުރެއްވީ އަޅުގަނޑަށް ރިސީވްވެފައިހުރި ފޯންކޯލްތަކާ ގުޅިގެންނެވެ. ރަފް ބަޔާނެއް ނެގުމަށްފަހު ކުރީދުވަހުގެ ބަޔާއި މިއަދުގެ ބައިއެއް ކޮށްލައިގެން އެއްބަޔާނަކަށް ކޮމްޕުން ޓައިޕްކޮށް ޕްރިންޓެއް ގެނެސް އަޅުގަނޑަށް ދައްކާލުމުން ބައެއް އިސްލާހުތައް އެބަޔާނަށް އަޅުގަނޑު ގެނައިމެވެ. ދެން ތަޙްޤީޤު އޮންނަ ދުވަހަކުން މުޅިން ނިންމާލާނީއޭ ކިޔާފައި ސޮއި ނުކުރުވާ މިއަދަށް ނިންމާލީއެވެ. ދެން އަޅުގަނޑު ގެނެސް ގޮޅިއަށް ލީއެވެ.
މިއަދު ހަވީރު، އިލެކްޝަންސުން އަޅުގަނޑަށް ފޮނުވި ފޯމްތަކާއި މަޖިލީހުގެ ޔައުމިއްޔާތަކުގެ ބޮނޑިއެއް ގެނެސްދިނެވެ. މިބޮނޑިވަރު ތެރޭގައި ޤާނޫނު އަސާސީއަކާއި ބޮޑު މަޖިލީހުން އަޅުގަނޑަށް އެޑްރެސްކޮށް ފޮނުވާފައިވާ ދެސިޓީއެއް ވެސް އޮތެވެ. މިއެއްޗެހިތައް ލިބިމުން ކިޔާލުމަށް އާސާމާނުތަކެއް ލިބުނީމާ ވަރަށް އުފާވިއެވެ. ޖެހިގެން އޮންނަވާ ފުރަހަނި ޝުޢައިބަށް ބައެއް ޔައުމިއްޔާތައް ކިޔާލެއްވުމަށް ދިނީމެވެ. އަޅުގަނޑާ ޝުޢައިބާއި މަޝްވަރާކޮށްފަހި ނިންމީ އަޅުގަނޑު މާލޭގެ ގޮނޑިއަކަށް ކުރިމަތިލާށެވެ. އަދި ޝުޢައިބު ހދ.އަތޮޅުގެ ގޮނޑިއަށް ކުރިމަތި ލައްވާށެވެ.
ޖަލުގައި ތިބެގެން ރައްޔިތުންމަޖިލީހަށް ކުރިމަތިލުން:
ޖަލުގައި ތިބެގެން ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަކަށް ކުރިމަތިލި މީހުންނަކީ އަޅުގަނޑުމެން ދެމީހުންނެވެ. މިއީ ދިވެހި ތާރީޚަށްޓަކައި ފާހަގަކޮށްލަން ޖެހޭ، މުހިންމު ނުކުތާއެކެވެ. ޖަލުގައި ތިބެގެން މިކަމަށް ދިމާކުރުމުން ގިނަމީހުން ފުރަތަމަގަތީ ބިރެވެ. ތަޙްޤީޤުޓީމު ވެސްގަތީ ބިރެވެ. އަޅުގަނޑު މެންނަށް ފާޑުވިދާޅުވިއެވެ. އެހެނަސް އަޅުގަނޑު އެދެމުން ގެންދިޔައީ އަޅުގަނޑުގެ ސިޓީތައް އެޑްރެސް ކުރަމުންގެންދާ ހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ ސިޓީތައް ރައްދުކޮށް ދިނުމަކީ ތަޙްޤީޤު ޓީމުގެ މަސްއޫލިއްޔަތެއް ކަމުގައި ދަންނަވަމުންނެވެ. މިއަރާރުމަށްފަހު، އަޅުގަނޑުމެންގެ ސިޓީތައް ތަޙްޤީޤުން ބެއްލެވުމަށްފަހު، ގެންދެވީ އެފަރާތްތަކަށް ރައްދުކޮށް ދެއްވަމުންނެވެ. އެހެންވުމުން އަޅުގަނޑުގެ ވިސްނުމާ އެއްގޮތަށް މިސައްކަތްތައް ކުރިޔަށް ގެންދެވުނެވެ.
5 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 85 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް، އަދި އިތުރު ޚަބަރެއްނެތް ދުވަހެކެވެ. ޖަލުގެ އާދަކާދައިގެ މަތިން ނިމިގެންދިޔަ ދުވަހެކެވެ.
6 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 86 ވަނަ ދުވަހެވެ. މިއަދު މެންދުރު، 1:30 ގައި ގޮޅިން ނެރުނެވެ. އުނދޯލިގެއަށް ގެންދިޔައިރު ފެންނަންހުރީ ހަންދުއެވެ. ހަންދުއެދިގެން އަޅުގަނޑާ ބައްދަލުވުމެއް ބާއްވައި ދިނީއެވެ. ގޭގެ ހުރިހާ ޚަބަރުތަކެއް ސާފުކޮށް އޮޅުންފިލިއެވެ. ކޮއްކޮ އިބުރޭވެސް އަޅުގަނޑާ ބައްދަލުވުމަކަށް އެދި ސިޓިއެއް ލާފައިވާ ވާހަކަ ހަންދު ބުންޏެވެ. މާލޭ ގޮނޑިއަށް ކުރިމަތި ލުމުގެ ފޯމްތަކާ އެއްޗެހި އިލެކްޝަންސުން ނަގައި ފުލުސް އޮފީހައި ހަވާލުކޮށްހެދީ އިބުރޭކަމުގައި ހަންދު ބުނެދިނެވެ. މަންމަ ޢުމްރާއަކަށް މައްކާއަށް ފުރުއްވި ޚަބަރުދިނެވެ. ދޮންދައްތަ މާލޭގައި ހުންނެވި ޚަބަރު ދިނެވެ.
އަޅުގަނޑުގެ ފޯމުތައް ފުރާފައި ފޮނުވުމުން ހަދަންވީގޮތް ހަންދުއަށް ކިޔައިދިނީމެވެ. އަޅުގަނޑު ހަންދު ކައިރީގައި ބުނެދިނީ، ފޯމުތައް އިބުރޭއަށް ލިބުމުން މއ.ތަބައްގޭ މުހަންމަދު ރިޟްވާން އަތަށް ދީގެން ދެންހުރި ކަންތައްތައް ފުރިހަމަ ކުރުމަށެވެ. އަޅުގަނޑުގެ ކެންޕޭން މެނޭޖަރަކީ އަބަދުވެސް ތަބައްގޭ މުޙައްމަދު ރިޟްވާން، ރިލޭއެވެ. އަޅުގަނޑުގެ ކުދިންކޮޅާއި އަންހެނުން ވެސް ރަނގަޅުކަމަށް ހަންދު ބުންޏެވެ. އަންހެނުން ރުކު ވެސް އުޅެނީ ބައްދަލު ވުމަކަށް ސިޓީއެއް ލައިގެންކަމަށް ހަންދު ބުންޏެވެ. މިބައްދަލުވުން މިހާހިސާބުން ނިންމާލީ ވަރަށް އުފަލުގައެވެ.
7 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 87 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު، އަންހެނުން ރުކުއާ ބައްދަލުވުން ޖަލުގެ އުނދޯލިގޭގައި އޮތެވެ. ހުރިހާކަމެއް ވެސް ރަނގަޅުކަމަށް ބުންޏެވެ. ކުޑަދެކުދިން، ޓޭންއާއި ރޭމްގެ ޙާލުވެސް ބަރާބަރެވެ. ލޯޔަރ މުޢިޒު ގުޅުއްވި ވާހަކަ ބުންޏެވެ. ވަރަށް އަވަހަށް ގެއަށް ބަދަލުކޮށްފާނެ ކަމުގައި ލޯޔަރުބުނުއްވި ކަމަށް އަންހެނުން ބުނެދިނެވެ. މަންމަމެން އެންމެންގެ ސަލާމް ބުނެދިނެވެ. ހޯމް މިނިސްޓްރީންނާއި އެޓޮލްސްއިން ލިބެންޖެހޭ ފައިސާއެއް ނެގުމަށް ރުކުސިޓީއެއް ލިޔެގެން ގެނައެވެ.
އެހެނަސް އެސިޓީގައި ސޮއިކުރުން ޖަލުއޮފީހުން މަނާކުރިއެވެ. ޖަލުއޮފީހުން ބުނަނީ އެއްވެސް އެއްޗެއްގައި ސޮއިކޮށް ނުހެދޭނެ ކަމަށެވެ. ވަކިން އިލްޔާސް ސިޓީއެއް ލިޔަންބޭނުން ވެއްޖެނަމަ، ގަނޑާއި ގަލަން ގެނެސްދެވި ދާނެކަމަށެވެ. މިފައިސާއަކީ އަޅުގަނޑުގެ މުސާރައާއި ހޯމް މިނިސްޓްރީން ދެއްވާ ފައިސާއެކެވެ. މިކަންވާގޮތް ނުވުމުން، އެފައިސާ ރުކާ ޙަވާލުކޮށް ދިނުންއެދި، ފަހުން ސިޓީއެއް ފިނުވާގޮތަށް ހަމަޖެއްސީއެވެ. އަޅުގަނޑުގެ ސިޓީތައް ލިބުމުން އެކަން ހަމަޖެހޭނެ ކަމަށް ރުކުކައިރީގައި ބުނެ، މިއަދުގެ ބައްދަވުން ނިންމާލީއެވެ.
މަޖިލީހުގެ މުސާރަވެސް ރުކަށް ނެގޭގޮތަށް މަޖިލީހަށް ވެސް ސިޓީއެއްލާނަމޭ ބުނީމެވެ. ރުކުގޮސް ދޯންޏަށް އަރަންދެން ބަލަންހުރީމެވެ. ރޯދަމަހަށް ވުމުން ރޭގަނޑު ތިބެނީ ކަދުރާއި ފެންބޮއިގެން ނުކައި ބޫކުހަޅުތާލު ގައެވެ. ފުރަހަނި ޝުޢައިބަކީ މާހިތްވަރުގަދަ މީހެކެވެ. ބުނުއްވަމުން ގެންދަވަނީ އެއްވެސް އެއްޗެއް ނުކައި ރޯދައަށް ހުންނަވަނީ ކަމަށެވެ. އެހެންވުމުން ގަޑިއަކުން ގަޑިއަކުން ޝުޢައިބުގެ ޙަލުބަލަނީ އަޅުގަނޑެވެ. ގިނައިން އޮންނަވަނީ އެނދުގައި އޮށޯވެގެންނެވެ. އެގޮޅިއަށް އަޅުގަނޑު ސިއްރުން ވަދެހަދަމެވެ. ފުރަހަނި ޝުއައިބަކީ އާދަޔާޚީލާފު ހިތްވަރެއް ސިޔާސީކަންކަމުގައި ގެންގުޅުއްވާ ބޭފުޅެކެވެ.
އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު ޢަމަލު ތަކެއްގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، 4 މީހެއްގެ މައްސަލަ ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. މިހަތަރު މީހުންގެ ތެރޭގައި ހިމެނޭ، މ.މާނެލް މުޙައްމަދު ޙަސަންދީދީގެ މައްޗަށް ދައުލަތުން ދަޢުވާކުރެއްވީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގައިލުމުގެ ކުށުގެ ދަޢުވާއެވެ. ގ.ބެންބޫ އެލީނާ އަޙްމަދު ޢައްބާހާއި، ހ.އަމަން ޢިމްރާން ޒާހިރާއި، ހ.މައިޒާން މުޙައްމަދު ނަވީޒްސަލީމްގެ މައްޗަށް ދައުލަތުން ކުރެއްވީ، ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. އަދި މީގެ އިތުރުން މިކަމުގައި ބައިވެރިވި ކުޑަކުއްޖެއްގެ މައްސަލަ ކުޑަކުދިންނާ ބެހޭކޯޓަށް ފޮނުވިއެވެ. އެކުއްޖާގެ މައްޗަށް ދަޢުވާކުރެއްވީ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގައިލުމުގެ ކުށުގެ ދަޢުވާއާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ.
8 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 88 ވަނަ ދުވަހެވެ. މިއަދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަށާއި އެޓޮލްސްއަށާއި ހޯމް މިނިސްޓްރީއަށް ސިޓީލިޔެފައި ޖަލުއޮފީހާއި ރައްދުކޮށް ދިނުންއެދި ހަވާލުކުރީމެވެ. މިސިޓީތައް ރުކަށް ކޮޕީކޮށްފައި ވާނެއެވެ. އޭރުން އޭނާއަށް އެފައިސާ ނެގުމުގައި ދަތިކަމެއް ދިމައެއް ނުވާނެކަމަށެވެ. އަދި މިއަދު ހަވީރު، ލޯޔަރ މުޢިޒު އަޅުގަނޑައި ބައްދަލުކުރަން ޖަލަށް ވަޑައިގަތެވެ. މުޢިޒު ވަޑައިގަތީ ތަޙުޤީޤުޓީމް އުޅޭގަޑިއާ ދިމާވާގޮތަށެވެ. ތަޙްޤީޤު ޓީމަށްވުރެ ކުރިން ބައްދަލުކުރެއްވީ ލޯޔަރެވެ. މުޢިޒު ވިދާޅުވަނީ މިއަދު ނުވަތަ މާދަމާ ހުރިހާކަމެއްނިމި ގެއަށް ބަދަލުކުރާނެ ކަމަށެވެ.
ދެން އަޅުގަނޑާ ބައްދަލުކުރީ މުޢިޒާއެކު ތަޙްޤީޤުޓީމެވެ. ކުރީދުވަހު ފޯނުކުލްތަކާ ގުޅިގެން ނެގާފައިވާ ބަޔާން މުޢިޒަށް އަޑުއިވޭވަރަށް ބާރަށް ކިޔާފައި ސޮއިކުރިޔަސް މައްސަލައެއްނެތޭ މުޢިޒު ވިދާޅުވުމުން އަޅުގަނޑު އެބަޔާނުގައި ސޮއިކޮށް، 4 އަސްލުގައި އިނގިލީގެ ނިޝާން ޖަހައި ނިންމާލީމެވެ. ވަރަށްގިނަ ވާހަކަޔައް ދެއްކިއެވެ. ތަޙްޤީޤުޓީމުން ބޭނުންވީ ގިނަވާހަކަ ދައްކާށެވެ. އެމީހުންގެ ވަށްތަރާއި ފާޑުގަނޑު ދައްކާލާށެވެ. މުޢިޒު އެއްޗެކޭ ވިދާޅުނުވެ އަޑުއައްސަވަން އިންނެވީއެވެ. މިކަމަކީ އަޅުގަނޑު ޖަލުގައި ބަހައްޓާފައި ހުންނާތީކަމެއް ކޮށްލަންވެގެން ކުރިކަމެއްކަމުގައި އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ބަޔާންނިމި މައްސަލަ ކޯޓަށް ހުށަހަޅާފައި ވާއިރު އަޅުގަނޑު ޖަލުގައި މިގޮތަށް މިގެންގުޅެނީ، ޢަބްދުﷲ ޙަމީދުގެ މައްސަލަ ކޯޓަށް ވެއްދީމާ އެކަމުގެ ޙަސަދައާއި ބަދަލުހިފުމުގެ ގޮތުންކަމަށް އަޅުގަނޑު ބުނަމުން ގެންދިޔައިމެވެ.
މިވާހަކަތައް ހޫނުކޮށް ދާންފެށުމުން މުޢިޒު އަޅުގަނޑަށް އިޝާރާތް ކުރައްވައި މަޑުޖައްސާ ލުމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑު މާގިނަ ވާހަކަދައްކާކަށް ނުހަދަމެވެ. އަޅުގަނޑު ދެކެމުން ގެންދިޔައީ މިއީހަމަ ދައްކާލިދަޅައެއްގެ ގޮތުގައެވެ. ޖަލުގައި ބައިތިއްބާފައި ތިބޭތީ، ތަޙްޤީޤުކުރާކަން ދައްކާލުމުގެ ގޮތުންކުރާ ކަންތައް ކަމަށެވެ. އަޅުގަނޑަކީ ވެސް، 6 އަހަރުވަންދެން ތަޙްޤީޤު ސެކްޝަނެއްގެ ހެޑަކަށް އުޅުނު މީހަކަށްވާތީ މިވެރިންގެ ކަންތައް ކުރިޔަށް މިގެންދާގޮތް ވިސްނައިގަނެ ވެއެވެ. އަޅުގަނޑަކީ އެޓޮލްސްގައި، 20 އަތޮޅުން އަންނަ ތަޙްޤީޤުތައް ބަލަހައްޓާ ސެކްޝަނުގެ އިސްމީހަކަށް ހުރިމީހަކަށްވާތީ، މިކަހަލަ ކަންތައް ގެންދާގޮތްތައް ވަރަށް ރަނގަޅަށް ތަޖުރިބާއިން އެނގެއެވެ. ބަންޑާރަ ނައިބު ޙަސަން ސަޢީދާއި ޑޮކްޓަރ ޝައުޤީމެންގެ ޓީމުން މިތަޙްޤީޤުގެ ކަންތައް ގެންދަވާނެގޮތް ވަޒަންކޮށް ލެވެއެވެ.
އަޅުގަނޑުމެން މިހާރު ޖަލުގައިމިތިބި މީހުންނަކީ، އޮނަރަބަލް ޙަމީދު ގޮވައިގެން ޝަރީޢަތަށް ދިޔަމީހުންނަށް ވާތީ، އަޅުގަނޑު މެންނާދޭތެރޭގައި ހަދަނީހަދާނެ ގޮތެކެވެ. އަޅުގަނޑު މެންނާދޭތެރޭގައި ބަހައްޓަވަނީ ޒާތީގޮތެކެވެ. އަޅުގަނޑު މެންނަށް އޮންނަނީ ވަކިޤާނޫނަކާއި ވަކިގަވާއިދު ތަކެކެވެ. މިވާގޮތުން ހީވަނީ ޢީދުދުވަހާ ހަމައަށް ދިގުދެމިގެން ދާނެހެންނެވެ. ލޯޔަރ މުޢިޒުއާއި ތަހްޤީޤުގައި އިންނެވި ޢަލީއަޙްމަދު ބުނުއްވަނީ ވަރަށް އަވަސް ވާނެކަމަށެވެ. މާދަމާވެސް މާލެއަށް ބަދަލު ވެދާނެކަމަށެވެ. މިބޭފުޅުން އަޅުގަނޑަށް ކެތްތެރިވުމަށް ނަޞޭޙަތް ދެއްވިއެވެ. އިތުރުކަމެއްގައި ބައިވެރިނުވެ މަޑުންހުރުމަށް ވިދާޅުވިއެވެ. ދެން އަޅުގަނޑު ގެނެސް ގޮޅިއަށް ވެއްދިއިރު ހަވީރު ވެދާނެއެވެ.
އިނގިރޭސި ވިލާތުގައި ހަރަކާތްތެރިވާ ޖަމުޢިއްޔާއެއް ކަމުގައިވާ، “ފްރެންޑްސް އޮފް މޯލްޑިވްސް” އިން އިންތިޒާމްކުރި އެއްވުމެއް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން ކުރިމަތީގައި މިއަދު ބޭއްވިއެވެ. މިއެއްވުމުގައި ގޮވައިލީ، އޯގަސްޓް، 12-13 ގެޙާދިޘާއާ ގުޅިގެން ހައްޔަރުކުރި މީހުން ވަގުތުން ވަގުތަށް ދޫކޮށްލުމަށާއި އިންސާނީޙައްޤު ތަކަށް އިޙްތިރާމް ކުރުމަށެވެ. މިއެއްވުމުގައި ޖަލުގައި ބަންދުގައި ހުންނެވި، ހ.ޅޮހީގޭ މާހިރުގެ ދަރިކަނބަލުން ސާރާމާހިރު ބައިވެރިވެ ލެއްވިއެވެ. އޭނާއަކީ ދިވެހި ރައްޔިތެއްގެ އިތުރުން ފުރާސްގެ ރައްޔިތެކެވެ.
މިއަދު ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސަށް، އަޅުގަނޑު ޖަލްސާތަކަށް ހާޒިރުކޮށް ނުދޭތީ ސިޓީއެއް ލިޔުނީމެވެ. އެސިޓީގެ އިބާރާތްތަކަކީ މިއެވެ.
ބިސްމިއްލާހިއް ރަޙްމާނިއްރަޙީމް.
ދޫނިދޫ، 1 ނަމްބަރުޖަލު، 26 ނަމްބަރު ގޮޅި
ދޫނިދޫ ޑިޓެންޝަން ސެންޓަރ، ކ.ދޫނިދޫ / މާލެ
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އޮނަރަބްލް ޢައްބާސް އިބްރާހީމުގެ އަތްޕުޅަށް.
ވެދުން ސަލާމަށް ފަހު، ދަންނަވަމެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަކީ، ޚާއްސަ އިމްތިޔާޒުތަކެއް، ޤާނޫނު އަސާސީން ލިބިދޭ ޝަޚްޞިއްޔަތެކެވެ. ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ، 6 ވަނަ ބާބު ޚާއްސަ ކުރެވިފައިވަނީ، ރައްޔިތުންގެ ޚާޢްސަ މަޖިލީހަށެވެ. އާދެ! އަޅުގަނޑަކީ، އެމަޖިލިސްގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ޝަޚްޞެއްކަން މަނިކުފާނަށް އޮޅިވަޑައިގެން ނުވާނެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަޅުގަނޑުވާނީ، އެބޮޑު މަސްއޫލިއްޔަތުގެ ޤާނޫނީހުވާކޮށް، ﷲއަށް ގަންދީ ކަންތައްތަކެއްގެ މަސްއޫލިއްޔަތާއި ޒިންމާތަކެއް އުފުލުމަށް ކޮނޑުއަޅާފައެވެ.
ޤާނޫނު އަސާސީގެ، 105 ވަނަ މާއްދާ މަނިކުފާނު ބައްލަވާލެއްވުމަށް ހަދުމަފުޅަށް އަރުވަމެވެ.
105 (1) “ރައްޔިތުންގެ ޚާއްސަ މަޖިލިސް އެއްކުރުމާއި އެމަޖިލިސް އުވުމާދެމެދު، އެމަޖިލީހުގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވާނީ، މެންބަރަކު އެމަޖިލީހުގެ ރައީސަށް ފޮނުވާ ލިޔުމަކުން އިސްތިޢުފާ ދިނުމުން، ނުވަތަ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ނުވަތަ ރައްޔިތުންގެ މެމްބަރެއްގެ ގޮތުން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ހިމެނޭ މެމްބަރެއްނަމަ، އެމަޖިލީހެއްގެ މެމްބަރުކަމުން ވަކިވުމުން، ނުވަތަ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ހުރުންލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވުމުން، ނުވަތަ އެމެމްބަރަކު މަރުވުމުންނެވެ.
(2) ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ކިބައިގައި ހުރުންލާޒިމުވާ ސިފަތަކުގެ ތެރެއިން ސިފައެއް އުނިވެއްޖެކަމަށް ބެލޭނީ، އެމައްސަލައެއް ދައުލަތުން ހައިކޯޓަށް ހުށަހަޅައި، އެމެމްބަރެއްގެ ކިބައިން އެސިފައެއް އުނިވެއްޖެކަމަށް ހައިކޯޓުން ޙުކުމް ކުރުމުންނެވެ.”
މިމާއްދާއިން ވަރަށް ޞަރީޙަކޮށް އެމަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ހުސްވާގޮތާއި ގޮނޑި ފުރާނޭގޮތް، ދޭހަކޮށް ދެއެވެ. މަނިކުފާނަކީ، އެމަޖިލީހުގެ އިއްޒަތްތެރި ރައީސަށްވާތީ މަނިކުފާނުގެ ކޮނޑުފުޅުގައި ކަންތައްތަކެއް މިމާއްދާގެ ދަށުން ޒިންމާކުރުވައެވެ. މަސްއޫލިއްޔަތު ތަކެއް އަޅުވައެވެ. ދިވެހި ދައުލަތުގެ މިހާމަތީ ދަރަޖައިގެ މަޖިލީހެއްގެ އިއްޒަތްތެރި ރައީސަށް މަނިކުފާނު ހޮވިވަޑައި ގެންފައިވާތީ މިފުރުޞަތުގައި ތަހްނިޔާއާއި މުބާރިކްބާދީ ދަންނަވަނީ ހިތުގެ އެންމެފުން މިނުންނެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ޤާނޫނީ ހައިސިއްޔަތުން އެމަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައި ގަތުމުން މަރްޙަބާ ދަންނަވަމެވެ. އިއްޒަތްތެރި ރައީސެވެ! މިހާތަނަށް ހިނގިޖަލްސާތަކުގެ ޔައުމިއްޔާތައް ޖަލަށް ފޮނުވައި ދެއްވުމުން ކިޔާލަންލިބި ވަރަށް ހިތްހަމަ ޖެހުނެވެ. އަދި އުފާވިއެވެ. ޔައުމިއްޔާގެ ހާޒިރީބައި ބަލާލުމުން، “ޤާނޫނީ ބަންދެއްގައި ތިއްބެވި މެމްބަރުން” މިހެން ލިޔުންވާފައި އޮއްވާފެނުނެވެ.
އިއްޒަތްތެރި ރައީސެވެ! އަސާސީގެ، 105 ވަނަ މާއްދާއާއި މުޅިޤާނޫނު އަސާސީގެ ރޫޙަށް ނަޒަރުކޮށް ބަލާލާއިރު، ފުރާނާލެވޭ ޙައްޤަކީ ޤާނޫނީ ބަންދެއް ކީއްކުރައްވަން ތޯއެވެ. ޝަރުޢީ ބަންދެއްގައި ޚާއްސަ މަޖިލީހުގެ މެމްބަރަކު ހުންނެވި ކަމުގައި ވިޔަސް، އެމެމްބަރަކަށް މަޖިލީހަށް ދައުވަތު އަރުވާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިނަމަ، ހުންނެވިތާކުން އެމެމްބަރަކު މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދެއްވުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އެޅިފައިވަނީ، މަނިކުފާނުގެ ކޮނޑުފުޅުގައެވެ. އަޅުގަނޑު ފަދައިން މިގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައިހުރި މީހަކު، މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކުރުމަށް މަސައްކަތް ކުރެއްވުމަށް ދުރުވެވަޑައި ގެންފިނަމަ، އަޅުގަނޑަށް މާނަކުރެވޭ ގޮތުގައި އެބަ ކަންތައް ތަކެއް ފެނެއެވެ. އަސާސީގެ، 1 ވަނަ މާއްދާ ބައްލަވާލައްވާށެވެ.
1 “ދިވެހި ރާއްޖެއަކީ، ފުރިހަމަ މިނިވަންކަން ލިބިގެންވާ، އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާލުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދިމުޤްރާޠީ، ޖުމްހޫރީ، އަދި ޔުނިޓަރީ ދައުލަތެކެވެ. މިދައުލަތުގެ ނަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ………” ނިމެންދެން!
އާދެ! ދިވެހި ރާއްޖެއަކީ ޔުނިޓަރީ ދައުލަތެކެވެ. އަޅުގަނޑު ބަންދު ކޮށްފައިހުރީ އެދައުލަތުގެ ބާރުގެ ދަށުގައެވެ. އަޅުގަނޑުހުރީ ޓެރަރިސްޓް ޖަމާޢަތަކުން ހައިޖެކް ކޮށްފައެއް ނޫނެވެ. ވަކިމުސްތަޤިއްލު ބާރެއްގެ ދަށަކުނޫނެވެ. ނުވަތަ މަނިކުފާނުގެ ޤާނޫނީ ހައިސިއްޔަތުން ބާރުނުހިންގޭ ހިސާބެއްގައެއް ނޫނެވެ. ﷲ ގަންދީ ދައުލަތުން، ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަޅުގަނޑު ލައްވާ ކުރުވި ހުވަޔަށް އަމަލުކުރުމަށް މަގުފަހިކޮށް ދިނުމަކީ މިވަގުތު މަނިކުފާނުގެ އެންމެއިސް ވާޖިބެވެ. ޤާނޫނީ ބަންދެއްގައޭ ވިދާޅުވެ ދޫކޮށްލައްވާކަށް ޤާނޫނު އަސާސީ ޖާގައެއް ނުދެއެވެ. އަދި މިއަސާސީއާ ޚިލާފަށް އެއްވެސް ބާރަކަށް ޤާނޫނެއް ޤަވާޢިދެއް އެކުލަވައެއް ނުލެވޭނެއެވެ. ޤާނޫނު އަސާސީގެ، 148 ވަނަ މާއްދާގެ (1) އަދި (2) ގައި މިވާހަކަވެއެވެ. ބައްލަވާށެވެ.
148 “(1) ޤާނޫނުހަދާ އެއްވެސް މަޖިލީހަކުން ނުވަތަ ޤާނޫނީބާރު ލިބިފައިވާ އެހެންފަރާތަކުން ވިޔަސް، މިޤާނޫނު އަސާސީއާ، ނުވަތަ މިޤާނޫނު އަސާސީގައި ބަޔާން ވެގެންވާގޮތާ ޚިލާފުވާ ގޮތަކަށް، ޤާނޫނެއް ނެހެދޭނެއެވެ.
(2) ހުށަހެޅިފައިވާ، ނުވަތަ ހެދިފައިވާ އެއްވެސް ޤާނޫނެއްގައި މިޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތާޚިލާފުވާ ގޮތަކަށް ބައެއްވާނަމަ، އެބައެއްވާނީ ބާޠިލު އެއްޗަކަށެވެ.”
ވީމާ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޤަވާޢިދު އެކުލަވާލެއްވުމަށް މިހާރުހޮވިފައިވާ ކޮމެޓީގެ ވިސްނުންފުޅަށް މިނުކުތާ ގެނެސް ދެއްވުމަށް، މަނިކުފާނު އަރިހުގައި އިލްތިމާސް ކުރަމެވެ. އަޅުގަނޑު ހައްޔަރުކުރެވުނު ޤާނޫނާއި ޤަވާޢިދު މަނިކުފާނަށާއި މަނިކުފާނުގެ އިދާރީކޮމެޓީގެ މަޢުލޫމާތަށްޓަކާ މިދަންނަވަނީއެވެ.
ޤާނޫނު ނަމްބަރު، 68/4 (ޢައްމުޤާނޫނު ތަކެއް) ގެ، 6 ވަނަ މާއްދާއާއި “ހައްޔަރު ކުރެވިދާނެ ބާވަތުގެކުށާއި ހައްޔަރުނުކުރެވޭނެ ބާވަތުގެ ކުށުގެ ޤަވާޢިދު” ގެ ޖަދުވަލު، 1 ގެ، 2 ވަނަ މާއްދާއެވެ.
ރާއްޖޭގައި ތަޙުޤީޤު ނިމުމަށް އޮންނަ އިދާރީއާދަ ކާދައިގެ ދަށުން، 6 އޮކްޓޯބަރ 2004 ގައި އަޅުގަނޑުގެ ބަޔާނުގެ، 4 ކޮޕީގައި ސޮއިކޮށްނިމި މިހާރު، އަޅުގަނޑުގެ މައްސަލަވަނީ، ޝަރުޢީކޯޓަށް ހުށަހެޅުއްވިކަން ރަސްމީކޮށް އިޢުލާނު ކުރައްވާފައެވެ. ޢަމުދުން ތަޙްޤީޤުގެ މިއަމަލު ފުރިހަމަ ވުމަށްފަހު، އަޅުގަނޑު ބަންދުގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ޤާނޫނު އަސާސީގައި ފެންނާކަށް ނެތެވެ. އަދި ޤާނޫނާއި ޤަވާޢިދުތަކުން ވެސް އެއީ ކުރެވިގެންވާނެ ކަމަކަށް ނުވެއެވެ. ސަބަބަކީ، މަސްއަލަ ކޯޓަށް ހުށަހެޅިފައި ވާތީއެވެ. ޤާނޫނެއްގެ ދަށުން ހައްޔަރުގައި ހުއްޓަސް ޤާނޫނުއަސާސީން އެފަރުދަކަށް ލިބިދޭ އަސާސީ ޙައްޤެއް ހޯއްދަވައި ދެއްވަން ޖެހޭނެއެވެ.
އަޅުގަނޑަކީ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުނުކުރެވޭނެ މީހެއްނަމަ، ޤާނޫނު އަސާސީގެ، 6 ވަނަ ބާބުގައި ކޮންމެވެސް މާއްދާއެއް މިގޮތަށް ތަޙްރީރު ކުރެވިފައި އޮތީހެވެ. “ޤާނޫނީ ނުވަތަ ޝަރުޢީ ބަންދެއްގައި ތިބޭމީހުންނަކީ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވުން މަނާކުރެވިގެންވާ ބައެކެވެ.” އަސާސީގައި މިފަދަ މާނައެއް ދޭހަވާ ޢިބާރާތެއް ނެތުމުން ޖެހޭނީ، 105 ވަނަ މާއްދާގެ ރޫޙަށާއި މާނައަށް ބުރަވާށެވެ. އެހިނދު އަމަލުކުރެވެން ޖެހޭނީ ޤާނޫނު އަސާސީގެ ރޫޙަށާއި މާނައަށެވެ.
ޤަވާޢިދެއް ނުވަތަ ޤާނޫނެއްގެ ބޭރުފުށުގެ މާނައަކަށް ނޫނެވެ. އިލާހީ ޝަރީޢަތްތައް ޝަރުޢު ކުރައްވާފައި ހުރިއިރުވެސް، ޢުޤޫބާތުގައި ހުންނަމީހާއަށް ޢަމަލުކުރުން ޞައްޙަވާ އެތައްއެތައް ކަންތައްތަކާއި ޙައްޤުތަކެއް ހުރެއެވެ. އުޞޫލަކުން، ޝަރުޢީނައްޞެއް ބާޠިލެއް ނުކުރެވޭނެއެވެ. އަބަދުވެސް ނައްޞަށް ޢަމަލުކުރުން އިސްކުރެވެން ޖެހޭނެއެވެ. އަދި ޚާއްސަ މަޖިލީހުގެ ޤަވާޢިދު ހައްދަވާ ކޮމެޓީގެ މަޢުލޫމާތަށްޓަކާ ވިސްނާލެއްވުމަށް ނުކުތާއެއް ހުށަހަޅާލާ ހިތްވެއެވެ. ޚާއްސަ މަޖިލީހުގެ ހިންގާ ޤަވާޢިދުގައި މަޖިލީހުގެ މެމްބަރަކު ކަމެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭނީ ޚާއްސަ މަޖިލީހުގެ ކޮމެޓީއަކުން އެކަންބަލައި ހައްޔަރު ކުރެވޭވަރުގެ ކަމެއްތޯ ނިންމުމަށް ފަހުގައިކަމަށް، ޚާއްސަ މަޖިލީހުގެ ޤަވާޢިދުގައި ލިޔުމާދޭތެރޭގައި ވިސްނާލެއްވުމަށް ދަންނަވަމެވެ.
އާދެ! އެހެންވުމުން ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް، އަޅުގަނޑު ހާޒިރުކުރައްވަން މަސައްކަތް ކުރެއްވުމާއި ހާޒިރުކުރެއްވުމަކީ، އަދި ޖަލްސާތަކުގެ ދައުވަތު ލިޔުންތައް ފޯރުވާނެގޮތެއް ހަމަޖައްސަވައި ދެއްވާއި އަޅުގަނޑު، ﷲއަށް ކޮށްފައިވާ ހުވަޔަށް އަމަލުކުރެވޭނެ ފުރުސަތު ތަނަވަސްކޮށް ދެއްވުންއޮތީ، ޤާނޫނު އަސާސީން މަނިކުފާނުގެ ކޮނޑުފުޅުގައި ރަނގަޅަށް އެޅިފައެވެ. އެހެންވެ މިނުކުތާތަކަށް ވިސްނާވަޑައި ގަންނަވައި މަޖިލީހުގެ ތަޅުމުގައި އަޅުގަނޑަށް ލިބިދޭންޖެހޭ ޙައްޤުތައް އަޅުގަނޑަށް ވީހާއަވަހަށް ހޯއްދަވައި ދެއްވާށެވެ.
އަދި އަޅުގަނޑު ހޮވާފައިވާ ދާއިރާގެ ރައްޔިތުންގެ ޙައްޤުތައް ދެމެހެއްޓޭނެގޮތް ހައްދަވައި ދެއްވާށެވެ. އަދި އަޅުގަނޑުގެ މިސިޓީ މިވަގުތު ހޮވިފައިވާ ޚާއްސަ މަޖިލީހުގެ ހިންގާ ގަވާއިދު އެކުލަވާލައްވާ، ކޮމެޓީގެ މެމްބަރުންނަށް އިއްވަވާލަ ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އިލްތިމާސެކެވެ. މަޖިލީހުގެ ތަޅުމަށް ވެސް އެޖެންޑަ ކުރެވިގެން ބައެއްބޭފުޅުންގެ ސިޓީތައް އިއްވިފައިވާ ފަދައިން މިސިޓީވެސް ތަޅުމުގައި އިއްވާލަ ދެއްވުން އެދެމެވެ. މިއީ މުހިންމު މައްސަލައެކެވެ. ތަޅުމުން ގޮތެއް ނިންމުން އައުލާކަން ބޮޑުކަމެކެވެ.
އަދިވެސް އެއްފަހަރު މަނިކުފާނަށް ތިޔަލިބި ވަޑައިގެންނެވި ޝަރަފުވެރި މަޤާމަށްޓަކާ ހިތުގެއަޑިން ތަހްނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ. ﷲ ތިޔަ މަޖިލީހުގެ މަސައްކަތްތައް ކާމިޔާބު ކުރައްވާއި ރާއްޖެއަށް ފާގަތި އަދި މިނިވަން ޑިމޮކްރަސީއެއް ދެއްވުމަށް މަގުފަހިކޮށް ދެއްވާށިއެވެ! އާމީން!
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
8 ނޮވެމްބަރ 2004
ޚާދިމުކުމުލް މުޠީޢު،
ސޮއި
އިލްޔާސް ޙުސައިން އިބްރާހީމް.
ރައްޔިތުންގެ ޚާއްސަ ޖަމިލީހުގެ އިދާރާ، މާލެ ދިވެހިރާއްޖެ.
9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 89 ވަނަ ދުވަހެވެ. މިއަދު ހެދުނުސަޔަށް ފަހު، ޖަލުއޮފިހުން އެންގެވީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބޭފޫލުން ޖަލަށް ވަޑައިގަންނަވާތީ ބައްދަލުވުމަށް ތައްޔާރުވެގެން ހުރުމަށެވެ. އުނދޯލިގެއަށް ނެރުމަށް ބަލާއައީހެދުނު، 10:00 ގައެވެ. އަޅުގަނޑު ނެރުނުއިރު ތިއްބެވީ ހިއުމަންރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސްގެ މެމްބަރުން ކަމުގައިވާ، މަޑުލު މުޙައްމަދު ވަޙިދާއި ނަންރީތި އަޙްމަދު ސަލީމާއި ޢައިޝަތު އަލީނާޒެވެ. މިތިން ބޭފުޅުންނާއެކު، އަޅުގަނޑު ވަރަށްގިނަ ވާހަތައް ހިއްސާކުރީމެވެ. ގިނަވާހަކަ ތަކަކީ ތަކުރާރުވި ވާހަކަތަކެވެ. އެހެންނަމަވެސް ހަދާންކޮށް ދިނުމުގެ ގޮތުން ގަސްދުގައި މިވާހަކަތައް ދެއްކީމެވެ.
އިތުރަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި، 18 އޮކްޓޯބަރުން ފެށިގެން ނޫސްމަޖައްލާތައް ލިބޭކަމަށާއި ތިޔަބޭފުޅުންނާއި ބޭރުގެ ޖަމާޢަތްތަކުން ކޮށްދެއްވި ބުރަމަސައްކަތަށް ޝުކުރުވެރިވުން ޙައްޤުވެއްޖެ ކަމުގައި ދެންނެވީމެވެ. އާންމުކޮށް ނެރުއްވަމުން ތިޔަގެންދަވާ ނޫސްބަޔާންތައް ނޫސްތަކުން ފެނުމުން ވަރަށް އުފާވެއެވެ. 20 ސެޕްޓެމްބަރ 2004 ގައި ނެރުއްވި ނޫސްބަޔާނަކީ ޙަޤީޤަތުން ފުރިފައިވާ ތެދުބަޔާނެކެވެ. އެބަޔާންތަކަށް ވިސްނައި ދިރާސާކޮށްލުމުން ތިޔަކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއަށް މާގިނަދުވަހު ކޮމިޝަނުގެ ރައީސް ކަމުގައި ދެމިހުރެވިދާނެ ބާވައޭ، އަޅުގަނޑުގެ ހިތަށް އަރައެވެ.
އަޅުގަނޑަށް އެންމެފަހުން ލިބުނު ނޫސްބޮނޑި ލިބިފައިވަނީ، މިދިޔަމަހުގެ ނޫސްތައް މިމަހު، 6 ވަނަ ދުވަހުގައެވެ. ގެއިން ޕްރިސަންސާއި ހަވާލުކުރާ ދުވަހު އެފަދަތަކެތި އަޅުގަނޑު މެންނަށް ލިބޭނެގޮތް ހަމަޖެހޭގޮތް ވެއްޖެނަމަ ވަރަށް ތާޒާކޮށް، މުއާލާތްނުކެނޑި ޚަބަރުތައް ލިބެމުން ދާނެއެވެ. އަދިވެސް މިތިބެނީ ކުޑަގޮޅީގައެވެ. ބޮޑެތި އަނިޔާގައެވެ. އެގޮޅިތައް ތިޔަބޭފުޅުން ގިނަގިނައިން ބައްލަވާ ލައްވަން ވާނެއެވެ. އަޅުގަނޑުގެ މައްސަލަ ނޮވެމްބަރުމަހު އެއްވަނަ ދުވަހު ކޯޓަށް ފޮނުއްވެވި ޚަބަރު ނޫހުން ލިބިފައި ވެއެވެ. މައްސަލަ ޝަރީޢަތުގައި އޮތްއިރު އަދިވެސް އަޅުގަނޑު ބަހައްޓާފައި މިހުންނަނީ ކުޑަގޮޅީގެ އަނިޔާގައެވެ. ނަފްސަށާއި ސިކުޑިއަށް އަނިޔާވާ ގޮތަށެވެ. ތަހްޤީޤު ނިމުމަށްފަހު، ޙުކުމަކުން ނޫންގޮތަށް ކުޑަގޮޅިއެއްގައި ބަންދުކޮށްފައި ތިބެގެން ނުވާނެއެވެ.
ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން ހިންގެވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވާއި ނެންގެވިފަހުން، 21 ދުވަސް ހަމަވާތީ، ކޯޓަށް ގެންގޮސްގެން، 30 ދުވަސް، ގާޒީ އާދަމް ސަޢީދު މޫސާ ލައްވާވަނީ އިތުރުކޮށް ފައެވެ. ގާޒީ، 30 ދުވަސް އިތުރުކޮށް ދެއްވަމުން ވިދާޅުވެފައި ވަނީ، ގޭގައި ބަހައްޓައިގެން އިތުރު ސުވާލު ކުރަންޖެހޭނަމަ ސުވާލު ކުރުމަށެވެ. 30 ދުވަސް ދުވަސް އިތުރުކޮށް ދެއްވީ، ގޭގައި ބަހައްޓައިގެން ތަޙްޤީޤު ކުރުމަށެވެ. ޖަލުގައި ބެހެއްޓުމަކަށް ނޫނެވެ. އެހެނަސް ގާޒީލައްވާ ތަމްސީލު ކުޅުވާފައި އަޅުގަނޑު މިހުރީ، އަދިވެސް ޖަލުގެ ކުޑަގޮޅީގައި އެކަހެރި ބަންދުގައި ބަހައްޓާފައެވެ.
ދަންނަވަން ތޯއެވެ! މިއީ ސާފުއަނިޔާއެވެ! މިއީ ޒާތީރުޅިވެރިކަމާއި ޙަސަދަ ވެރިކަމެކެވެ! ޢަބްދުﷲ ޙަމީދުގެ މައްސަލައެއް ކޯޓަށް ވެއްދުމުން ވެގެންއުޅޭ ގޮތެކެވެ. އިއްޒަތްތެރި މެމްބަރުންގެ ތެރެއިން ޖަލުގައި ހައްޔަރުވެފައި މިތިބީ އެކަމުގައި އުޅުނު މެމްބަރުން އެކަންޏެވެ. އެހެން ހުރިހާ މެމްބަރުންވަނީ ގެއަށް ބަދަލުކޮށް ފައެވެ. ނުވަތަ ދޫކޮށް ލާފައެވެ. ޖަލުގައި އެކިމީހުންނަށް ހަދަމުން މިގެންދަނީ އެކިގޮތެވެ. އަންބަރީ އަންހެނުންގެ ކޮއްކޮ ހދ.އަތޮޅު ޚާއްސް މަޖިލީހުގެ މެމްބަރު އަހްމަދު އާދިލް ވަނީ، މާލެގެންގޮސް ދޫކޮށްލާފައެވެ.
އެންދެރިމާގެއާ ތިމާގެ ބޭފުޅެއް ކަމުގައިވާ ބ.އަތޮޅު ޚާއްސަ މަޖިލީހުގެ މެމްބަރު އަލީފާއިޒު ވަނީ، ޖަލްސާތައް އަލުން ފެށުނު ދުވަހަށް، މާލެ ގެންގޮސް ދޫކޮށްލައްވާ ފައެވެ. އެބޭފުޅުންނަށް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެވެއެވެ. އެމެރިކާ ސަފީރު އަރިހުގައި ސަރުނާރުން ޔަޤީންކަން ދެއްވައި ވިދާޅުވެފައި ވަނީ، ޖަލްސާތަކަށް ދެވޭގޮތަށް ހުރިހާ މެމްބަރުން ދޫކޮށްލައްވާނެ ކަމަށެވެ. އެހެނަސް އަދިވެސް އަޅުގަނޑު މިހުރީ ޖަލުގައެވެ. މިއީ ކޮންކަހަލަ އިންސާފެއް ތޯއެވެ. ތަޙްޤީޤު ނިމުމަށް ފަހު ގޮޅީގައި ހުކުމްނީއްވާ ބަހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.
ވީމާ މިކަންތައް ކުރިންތިޔަ ކޮމިޝަނަށް ހުށަހަޅާފައިވާ ދެކަންތަކުގެ އިތުރަށް ބައްލަވައި ދެއްވުމަކީ އަޅުގަނޑު އެދޭކަމެކެވެ. މީގެކުރިން ތިޔަބޭފުޅުންގެ ރައީސް މުޖްތަބާ އަރިހުގައި ޖަލުގައި އިނިޔާކުރި ވާހަކައާއި ސަރުކާރުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ކަނޑަލިވާހަކަ ވާނީ، ދަންނަވާފައެވެ. މިތިންކަންތައް ބައްލަވައި ދެއްވުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2004 ގައި މާލޭދާއިރާއިން ކުރިމަތިލުމަށް މިހާރުވާނީ ހުރިހާފޯމް ތަކެއް ފުރާފައި ގެއަށް، ޖަވާހިރުވާދީއަށް ރައްދުކޮށް ދެއްވުން އެދި ޕްރިސަންސްއާ ހަވާލުކޮށް ފައެވެ. އަދިވެސް އެލިޔުންތައް ގެއަކަށް ނުލިބެއެވެ. ދުވަސްތައް ބޭކާރުވެގެން ދަނީއެވެ. ހޯމް މިނިސްޓްރީން ވަނީ، އެފޯމްތައް ހިފާއްޓާފައެވެ. މުއްދަތުހަމަ ވުމުގެކުރިން މިކަންތައްކޮށް ނިންމަން ޖެހެއެވެ.
އެހެންވެ މިފޯމުތަކުގެ ކަންތައްްވެސް ބައްލަވައި ދެއްވުން އެދެމެވެ. މިވާހަކަތައް މިބޭފުޅުން ނޯޓުކުރެއްވިއެވެ. އަދި ތިޔަކަންތައް ވީހާއަވަހަށް ބަލައިދޭނެކަމަށް ސަލީމް، ޖަވާބުގައި ވިދާޅުވިއެވެ. ދަންނަވަން ތޯއެވެ! އަދިވެސް އަޅުގަނޑު މެންގެތެރެއިން ގިނަގައިދީން ތިބީ، ބޫކުހަޅުތާލުގައެވެ. ރޯދަހިފަނީ ހާރުނުކައެވެ. މިބޫކުހަޅުތާލުގައި، 18 ގައިދީން ބައިވެރިވިއެވެ. އެއްގޮތަކަށް ވެސްނުކައި ތިބޭމީހުންގެ ތެރޭގައި ޝުޢައިބާއި ޒިޔާއްޓޭއާއި އަބުސީ ހިމެނެއެވެ. މިއީ ކަދުރުނުކައި ފެންވެސް ނުބޮއި ތިބޭމީހުންނެވެ. އަޅުގަނޑު މެންތިބެނީ ރޭގަނޑު ތިން ކަދުރު ކައިގެންނާއި މަދުން ފެން ބޮއިގެން ދުވާލު ރޯދައަށެވެ. މިއީ ފަރުޟު ރޯދަމެހެވެ.
ފުރަހަނި ޝުޢައިބުގެ ޝަރުތަކީ ގެއަށް ބަދަލުކުރަންދެން ހުންނާނީ ނުކައި ހަންގަރސްޓައިކް ގައެވެ. މިކަންތައް ވަނީ، ސުޒޭންފުޅުގެ ފަރާތުން މާލެގޮސް ބޭރުދުނިޔެއަށް އިޢުލާނު ކުރެވިފައެވެ. މިވާހަކަތައް ވެސް، ސަލީމްމެން ނޯޓު ކުރެއްވިއެވެ. ރޭދަންވަރު ހާރުކާގަޑީގައި ބައެއް ގައިދީންގެ ބެލެނިވެރިން ސްޕީޑް ލޯންޗުގައި ދޫނިދޫޖަލަށް ގެނެސް ގައިދީންނަށް އެމީހުންލައްވާ ނަޞޭޙަތް ދިނުމުން ބައެއް ގައިދީން ހާރުކާން ފަށައިފިއެވެ. މީގެތެރޭގައި ވަލީދާއެކު ގިނަބަޔަކު ހިމެނެއެވެ. އެމީހުން އެދުނު ގިނަކަންތައް ޖަލުއޮފީހުން ކޮށްދިނެނެވެ. އެހެނަސް އަދިވެސް ގިނަ ގައިދީން ތިބީ ނުކައެވެ. ބޫކުހަޅުތާލު ގައެވެ.
ހުރިހާ ގައިދީންނާއެކު، ހިއުމަން ރައިޓްސްގެ ބޭފުޅުން ބައްދަލުކުރިއެވެ. އަދި ބައްދަލުމުން ނިމިގެން ޖަލުތެރެއަށް ވަންނަވައި ގޮޅިތައް ކުރިމަތިން މިބޭފުޅުން ހިނގާލައްވައި ބުރެއް ޖެއްސެވިއެވެ. އަޅުގަނޑު ގޮޅިއާއަރާ ހަމަވުމުން ސަލީމަށާއި މަޑުލު ވަހީދަށް ގޮވާފައި، އަޅުގަނޑު ދެންނެވީމެވެ. މާލެ ވަޑައިގެން، އަބްދުﷲ ކަމާލުއްދީނާއި އިސްމާޢީލް ޝަފީޢު ހެއްދެވިހެން މާދަމާ ގައުމީޓީވީއަށް އަރުއްވައި ޖަލުގައި ކުށްވެރިންތިބީ ވަރަށް އަރާމާއި ހިތްހަމަޖެހި ގެންނޭ، ކެއުމާއި ނިދުންހުރީ ގޭގައިތުބުމެކޭ އެއްގޮތަށޭ ނުދަންނަވައްޗޭ ދެންނެވީމެވެ. ޚަބަރުދާރެވެ! އަޅުގަނޑުމެން މިތިބީ ޓޯޗާއާއި ގަދަފަދަ އަނިޔާގައެވެ. ޢަބުދުﷲ ކަމާލުއްދީނުމެން ކުރެއްވިކަހަލަ ކަމެއް ނުކުރައްވައްޗެވެ. އަޅުގަނޑުމެން ނަފްސާނީ ގޮތުން މިތިބެނީ އަނިޔާގައެވެ. ފާޑަކަށް މޮޔަވެފައެވެ. މިވާހަކަތައް ދެއްކިއިރު، ލޭޑީ ހުންހުންނެވީ ހޭންށެވެ.
މިއަދު މެންދުރުފަހު، ޚާއްސަ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ލިޔުނީމެވެ. އަންހެނުންނަށް އަޅުގަނޑުގެ މުސާރަ ދޫކޮށްދިނުން އެދިއެވެ. އަދި ރައީސް މައުމޫނު އަރިހަށް ސިޓީއެއް ލިޔެ ހުރިހާ ސިޓީތައް ޖަލުއޮފީހާ ފޮނުވާލަދިނުން އެދިހަވާލު ކުރީމެވެ. ޢަޞުރު ނަމާދުކޮށްގެން ، ފުރަހަނި ޝުޢައިބާއެކު އަނގަތަޅަން އިންދާ ނަޞީރު ދުރުވެ، އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. ހުރިހާއެއްޗެއް ހިފައިގެން މާލެ ދިއުމަށް ނުކުތުމަށް އެންގިއެވެ. އަވަހަށް ޝުޢައިބު ކައިރީގައި މިވާހަކަ ބުނެފައި ނަޞީރާއެކު ޖަލުތެރެއިން ނުކުތުމަށް ހިނގައިގަތީ ޝުޢައިބާ ސަލާމް ކޮށްފައެވެ. ޝުޢައިބު އަންހެނުންނަށް ދެއްވި މެސެޖްތައް ހިތަށް ނެގީމެވެ.
ދެން އެހެންގޮޅިތަކަށް ހިނގާލާފައި ދަންނަ މީހުންނައި ސަލާމްކޮށްފައި ޖަލުތެރެއިން ނުކުތީ ސައްޕެ ގޮޅިކައިރީގައި މަޑުކޮށްލާފައެވެ. އަޅުގަނޑު އައުމުން ޚާއްސަ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބަންދުކުރި މީހުންގެ ތެރެއިން މާލެނުގެންގޮސް ޖަލުގައި ސައްޕެއެކަނި ވީއެވެ. ހީވަނީ ވަރަށް އަވަހަށް ސައްޕެ ވެސް މާލެގެންނާނެ ހެންނެވެ. ޒިޔާއްޓޭ މާލެއަށް ވަރަށް ގިނައިން ސަލާމް ފޮނުވިއެވެ. ޖަލުގައި ތިބި އެންމެންގެ ގޮޅިތައް ކައިރިއަށްގޮސް ސަލާމްކޮށް ހިތްވަރު ކުރުމަށް ނަސޭހަތް ދިނީމެވެ. އޭރުގަޑިން ހަވީރު، 4:45 ވަރު ވެދާނެއެވެ.
މިއަދު މާލެ ގެންދިއުމަށް ދެން ނެރުނީ، މައިކޮމްޕެނީ ނަމުގައި ކުންފުންޏެއް ހިންގަވާ ބޭފުޅެއް ކަމުގައިވާ އަޙްމަދު ޢާޠިފު (ޒިޔާއްޓޭގެ ކޮއްކޮއެއް) މ.ސަލްޖަމްގެ އެވެ. އަޅުގަނޑުމެން ދެމީހުން އޮފީސް ކުރިމަތީގައި ގޮނޑިއެއްގައި އިރުކޮޅަކު ބޭތިއްބުމަށް ފަހު، މާލެ ގެނައީ އެކުގަވެ. މީނާއަކީ ޖެނީ ކޮނޑަށް ލައިގެން ކަޅުހުކުރުގައި އުޅުއްވި ބޭފުޅާއެވެ. މާލޭން ދެމީހުން ވަކިވީ ފޯނުނަމްބަރާ އެއްޗެހި ބަދަލުކޮށްފައެވެ. ހަމަޖެހިފައި އޮތީ، ޝައިޚް ފަރީދު މިރޭ މާފުއްޓަށް ބަދަލުކުރާ ގޮތަށެވެ. ފުރަތަމަ ފަރީދު އަރިހަށް، ޖަލުއޮފީހުން ފޮތެއް ގެނައީ ޖަލަށް އިއްވާފައިވާ ޙުކުމް ކުޑަގޮޅީގައި ހުންނަގޮތަށް ބަދަލުކޮށް ކުޑަގޮޅިގައި ބަހައްޓާގޮތަށް ސޮއިކުރުވާށެވެ.
އެހެނަސް ފަރީދު އެފޮތުގައި ސޮއިކުރެއްވުމަށް އިންކާރު ކުރައްވައި ވިދާޅުވީ އޭނާއަށް ޙުކުމް އިއްވާފައިވަނީ، ކުޑަގޮޅީގައި އެކަހެރިކޮށް ބެހެއްޓުމަށް ނޫންކަމަށެވެ. މާފުއްޓަށް ގެންދާގޮތަށް ހަމަޖެއްސީ މިވާހަކަތަކަށް ފަހުގައެވެ. އަޅުގަނޑުމެން ދެމީހުން ގޮވައިގެން ދުރުވީ، ލޯންޗެއްގައި ނަޞީރެވެ. ފުލުސް އޮފީހަށް ވެއްދުމުން އަޅުގަނޑު މެންނާ ހަވާލުވީ، ނަޢިމް (އިނގިރޭސި) އެވެ. ދޫނިދޫން ފުރުމުގެ ކުރިން ނަޞީރު ޖަލު އޮފީހުގެ ދެލިޔުމެއްގައި އަޅުގަނޑުމެން ލައްވާ، ސޮއި ކުރުވިއެވެ. އެއްލިޔުމުގައި ޖަލުން ރަނގަޅަށް ޚިދުމަތްތައް ލިބުނުކަމަށް ސޮއި ކުރުވިއެވެ. އަނެއް ލިޔުމުގައި އޮތީ ގޮޅީގައި ހުރިއިރު އަނިޔާ ނުކުރާކަމަށެވެ.
ނަޢީމްބެ މާލަސްތަކެއް ނުކޮށް ވަރަށް އަވަހަށް އަޅުގަނޑުމެން ގެއަށް ގެންގޮސް ދިނެވެ. ހައެއް ޖެހުމުގެކުރިން ގެއަށް ވަދެވުނެވެ. ނަޢީމް އަޅުގަނޑު ގެއަށްލާފައި ދުރުވީ ހަންދު ލައްވާ ފޮތެއްގައި ސޮއި ކުރުވުމަށް ފަހު، ގޭގައި ފުލުސް އޮފީހުގެ އިޢުލާނެއް ޖަހާފައެވެ. ޓޭންއާއި ރޭމް ދެކުދިން އުރާލެވުމުން ވަރަށް އުފާވިއެވެ. މިދެކުދިން ގޮވައިގެން އިންދާ ރުކު ފޮޓޯއެއް ނެގިއެވެ. އެފޮޓޯ ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގައި ފެންނަން ހުންނާނެއެވެ.
ގެއަށް އާދެވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. 89 ދުވަސް ޖަލުގެ ކުޑަގޮޅިގައި ހޭދަކުރުމަށް ފަހު، ޢާއިލާއައި ބައްދަލުވީއެވެ. ދޫނިދޫއިން އައިސް މާލެއަށް ފޭބިތަނުން އަޅުގަނޑުގެ ފޮޓޯއެއް ސިލްވަރސީން އަލިބެ ނެންގެވިއެވެ. އެފޮޓޯވެސް ފޭސްބުކް އެކަައުންޓުގައި ފެންނަން ހުންނާނެއެވެ. ލައިގެންހުރި ހުދުގަންޖިފަރާހުގައި އަޅުގަނޑު އަމިއްލައަތުން، “އައި އެމް އަ ރީފޯމަރ” މިހެން ޖަހާފައި ވާނެއެވެ. ބައްލަވާ ލައްވާށެވެ!
10 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 90 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ ގޭގައި ވަރަށް ފޫހިވެއެވެ. ހަވީރު ވަގުތެއްގައި ވޭވީވޯރކް މުޙައްމަދުފުޅު ގެއަށް ބަދަލުކުރި ޚަބަރު ލިބުނެވެ. އަޅުގަނޑު ޖަލުގައި ހުއްޓާގެއަށް ސިފައިންވަދެ ގެންދިޔަ ސާމާނުތައް ހޯދުމަށް މިއަދު ސިޓީއެއް ލިޔުނީމެވެ. މިތަކެއްޗަކީ އަޅުގަނޑުގެ ސަމްސަން މަރުކާގެ މޯބައިލް ފޯނާއި އޭގެ ޗާޖަރާއި ސިމްކާޑާއި ދެރީމް ކެމްޕޭން ސިޓީއާއި ސަންގު މަޖައްލާގެ ފަސް އަދަދުގެ އަސްލާއި ސަތާރަ ހުކުރާއި އެއް ރޯޅިއާއި ލިޔެފައިވާ، ގަނޑުތަކަކާއި އަދިވެސް ކޮޓަރިން ގެންދިޔަ ބައެއް ސާމާނެވެ.
އަންހެނުންނަށް ލިޔުމެއް ދީފައި މިތަކެތި ފުލުސް އޮފީހަށް ގެންދިޔައީ އަޅުގަނޑު ޖަލުގައި ބަހައްޓާފައި އެބޭފުޅުން ގެއަށް އައިސް އަޅުގަނޑުގެ ކޮޓަރި ފާސްކުރުމަށް ފަހުގައެވެ. ފޯނާއި ސިމާއި ޗާޖަރު ގެންދިޔައީ، 21 އޯގަސްޓް 2004 ގައެވެ. ގެއިން އެހެންތަކެތި ގެންދެވީ، 24 ސެޕްޓެމްބަރ 2004 ގައެވެ. މިކަންކުރީ ކޯޕްރަލް ޢަބްދުﷲ ޝާޠިޙެވެ.
11 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 91 ވަނަ ދުވަހެވެ. ރަސްމީ ބަންދު ދުވަހެކެވެ. ގޭގައި ހުރީއެވެ. ކޮއްކޮ އިބުރޭ މަޢުލޫމާތު ދިންގޮތުގައި އަޅުގަނޑު މާލޭގެ ގޮނޑިއަށް ކުރިމަތި ލުމުގެ ފޯމްތައްވީ، މއ.ތަބައްގޭ ރިޟްވާން އަތުގައެވެ. ރިލޭއައި ގުޅައިގެން ޚަބަރުބެލިއިރު އެފޯމްތައްހުރީ ރިލޭއަތުގައެވެ. ހުރީހުރިހާކަމެއް ނިމިވައްޓާލަން ތައްރަށެވެ. އެހެނަސް އިބުރާގެ އެދުމުގެ މަތިން އަޅުގަނޑުގެނަން މާލެއިން އދ.އަތޮޅުގެ ގޮނޑިއަށް ބަދަލުކުރުމަށް އެދިގެން އެކަން ނުކުރެވިގެން ފޯމްތައްހުރި ގޮތަށް ބަހައްޓާފައި ހުރީއެވެ.
އދ.އަތޮޅު ގޮނޑިއަކަށް ބަދަލުކުރެވޭނީ، މިތަކެތި ވައްޓަލުމުގެ ކުރިން، އިލްޔާސަށް ގެއަށް އާދެވިއްޖެއްޔާއޭ ކިޔާފައި ރިލޭއަތުގައި މިފޯމްތައް ބަހައްޓާފައި ހުރީއެވެ. ރިލޭ އައިސް މިވާހަކަ އަޅުގަނޑަށް ކިޔައިދިނުމުން މިއީ އަނެއްކާ ކިހިނެއްވެގެން އަޅުގަނޑު ކުރަންޖެހޭ ކަމެއްތޯ އިބުރާ އަރިހުން އަހައި ސާފުކުރުމަށް ރިލޭ ކައިރީގައި ބުނީމެވެ. ދެން ރިލޭ އެކަން ސާފުކޮށްފައި ބުނެދިނީ، މިހާރު، ގ.ކެނެރީގައި ގައިމުކޮށް ފައިހުރި ކެންޕޭން އޮފީހުން މާލެއަށް އިބުރާއާއި މުޙައްމަދު ޝިހާބާއި ކުރިމަތީލާ ގޮތަށް ހަމަޖެއްސީއޭ ދެން އިލްޔާސަށް ޖެހޭނީ، އދ.އަތޮޅަށް ކުރިމަތިލާށޭ އިބުރާ ބުނީކަމަށް ރިލޭ ކިޔައިދީފިއެވެ. މިއީ އިބުރާގެ ވަރަށް ނުލަފާ އަޑި ފޮރުވާފައިވާ ރޭވުމެކެވެ.
މިކަމާހިތްހަމަ ނުޖެހިގެން އަނެއްކާވެސް ރިލޭ، އިބުރާ ކައިރިއަށް މިކަމާއިތުރަށް ވާހަކަދެއްކުމަށް ފޮނުވީމެވެ. އަދި މާލެއަށް ނުލެވެންޏާ، ގދ.އަތޮޅަށް އަޅުގަނޑު ލާންނިންމާށޭ ރިލޭކައިރީގައި ބުނީމެވެ. އިބުރާއާ ރިލޭބައްދަލުކޮށް ވާހަކަދެއްކުމުން އިބުރާ ބުނަނީ، ގދ.އަތޮޅަށް އިލްޔާސް ލާނެކަމެއްނެތޭ އިލްޔާސްގެ ނަން، އދ.އަތޮޅަށް ބަދަލުކުރުމަށް އަލުން އިލެކްޝަނުން ފޯމެއް ނަގާށެވެ.
ރިލޭ އަޅުގަނޑާ ގުޅާފައި ކެނޑިޑޭޓްކަން ބަދަލުކުރާ ފޯމެއް ނެގުމަށްފަހު ފުރާލައިގެން އައިސް އަޅުގަނޑާ ބައްދަލުކޮށް ސޮއި ކުރުމަށް ބުނީއެވެ. ރިލޭ މިކަންކޮށްގެން އައުމުން އަޅުގަނޑު ވެސް އިބުރާއައި ގުޅާފައި މިގޮތަށް ބަދަލުގެންނަން ޖެހޭސަބަބަކީ ކޮބައިތޯ އެހުމުން ވިދާޅުވަނީ، އެމްޑީޕީ ކެންޕޭން އޮފީހުން ބޭނުންވަނީ، އިލްޔާސް އދ.އަތޮޅަށް ކުރިމަލާން ކަމަށް ބާރުއަޅުއްވާ ވިދާޅުވިއެވެ. އެއްގޮތަކަށް ވެސް އެނޫންގޮތެއް މީނާ އެއްބަހެއް ނުވިއެވެ. ދެން އަޅުގަނޑު ބަންދުގައި ގޭގައި ހުރުމުގެ ސަބަބުން އިތުރަށް ވާހަކަނުދައްކާ، ކުރާނެކަމެއް ނެތިގެން މިގޮތަށް އެއްބަސްވެ ރިލޭގެނައި ފޯމްގައި ސޮއި ކުރުމުން ރިލޭދިޔައީ އެފޯމްތައް ހިފައިގެން ބޯގަންވިލާއަށް އިބުރާ ކައިރިއަށެވެ.
12 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 92 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. މެންދުރުފަހު ވަގުތެއްގައި ރިލޭކައިރިން ފޯމްތައް ކޮބައިތޯ އަހާލުމުންބުނީ، އިބުރާ ބުނެގެން ހުރިހާސާމާނެއް މިހާރުވީ އޭނާއަތަށް ދީފައެވެ. އިލެކްޝަނަށް ވައްދާނީ އެންމެފަހު ދުވަހުކަމަށް ބުނެފައި ފަންޑިތަވެރިކަމުގެ ކުޑަކަމެއް ވެސް މިފޯމްތަކަށް ކޮއްލާނަމޭ ކިޔާފައި އޭނާއަތުގައި މިފޯމްސެޓް ބެހެއްޓީކަމަށް ރިލޭބުންޏެވެ. މިވަރުންވެސް މިއީ އިބުރާ ހަދައިގެންއުޅޭ ބޮޑު މަކަރެއްކަން ނަގައެއް ނުގަނެވުނެވެ. އެއްގޮތަކަށް ވެސް މިއީ މީނާގެ މަކަރުވެރި ޔަހޫދީރޭވުމެއް ކަމުގައި އަޅުގަނޑު ހިއެއްނުކުރަމެވެ. ފަހެ، މިކަން އެހެންވީ ގޭބަންދުގައި ހުރުމުން ބައެއް މަޝްވަރާތައް ނުކުރެވި ދިޔައިމައެވެ.
އަދި ރިލޭއަށް ވެސް، އިބުރާ މިކަން ގެންދަވާކެއް ޗާލާކު ކަމުން ހަދާނުހަދާއެއް ނޭނގުނެވެ. ރެއަކާނުލިއެވެ. އެހެނަސް، އިލެކްޝަނަށް ފޯމުސެޓް ވެއްދިފަހުން، ފަޅާ އެރިގޮތުގައި މިކަމަކީ، އިބުރާގެ ނުލަފާ ޔަހޫދީކަމުން އޮޅުވާލައިގެން، އަޅުގަނޑުގެ ފޯމްސެޓަށް އަޅުގަނޑު އަމިއްލައަށް އިތުރުބަދަލެއް ގެނެސް، މާލޭގެ ގޮނޑިއަށް އަނެއްކާވެސް ބަދަލުކޮށްފައި އިލެކްޝަނަށް ވައްދަފާނެތީ އޭނާ އެޅުއްވި ޙީލަތްތެރި ފިޔަވަޅެއްކަން އަޅުގަނޑާއި ރިލޭއަށް ސާފުކޮށް އެނގުނެވެ. އެނގުނު އިރުއޮތީ މުއާލާތް ކެނޑިފައެވެ. އިބުރާގެ މިމަޅީގައި ޖެހުމުން ވަރަށް ދެރަވެ ހިތާމަކުރަންޖެހުނެވެ.
އޭނާއަތުގައި އަޅުގަނޑުގެ ފޯމްތައް ހިފެހެއްޓީ މާލޭގެ ގޮނޑިއަށާއި ގދ.އަތޮޅުގެ ގޮނޑިއަކަށް ކުރިމަތި ލިޔަނުދޭށެވެ. އޭނާގެ ސިއްރުރޭވުމުގެ ދަށުން އޭނާގެ އަންހެނުން ގދ.އަތޮޅަށް ކުރިމަތި ލައްވާފައި އެދިމާލުން ވެސް އޭނާ ގަސްދުގައި އަޅުގަނޑުގެ ކުރިމަތިލުން ހުއްޓުވާލީއެވެ. އަދި، މާލެއަށް އަޅުގަނޑު ކުރިމަތިލާފައި އޮއްވާ މާލޭން ބަދަލުކުރުވީ ވެސް އިބުރާގެ ޔަހޫދީކަމުންކަން ފަޅާއަރާއި ސާފިކޮށް އަޅުގަނޑުމެންނަށް އެނގުނެވެ. ހިޔަޅުބުއްދީގެ އިބުރާ ބޭނުންވީ އަޅުގަނޑު މާލޭން ކަޓުވާލާފައި އޭނާއާއެކު، ބަގީޗާގެ މުހައްމަދު ޝިހާބު މާލޭގެ އަނެއްގޮންޑިއަށް ކުރިމަތިލައްވާށޭވެ.
އަންނި ނުވަތަ އެމްޑީޕީން ކުރިކަމެއް ނޫންކަން ފަހުން އެނގުނެވެ. މިރޭވުމެއްރޭވީ އިބުރާގެ އަމިއްލަ ބުއްދިންނެވެ. އައިސްފައި ވަނީ އެންދެރިމާގޭ ފަޅިންނެވެ. އިލްޔާސް އިބުރާހިމްގެ ފަރާތުންނެވެ. މިއީ އޭރުވެސް އަބަދުވެސް އިލްޔާސަށް ކުޅެދޭ މީހެކެވެ. އަންނި ބުނެގެންނެއް ނޫންކަމަށް، އަންނިގެ ކޮށްކޮ ނާޒިމުގެ ފަރާތުން އަޅުގަނޑަށް އެނގުނެވެ. އިބުރާ ބޭނުންވީ، އިބުރާއާއެކު މާލެއަށް މުހަންމަދު ޝިހާބު ނެރޭށެވެ. ރިލޭއަށް ވެސް މީނާގެ މަކަރުވެރިކަން ފާހަގަކުރެވޭގޮތް ނުވީއެވެ.
މީނާ މިކަހަލަ ސިޔާސީ ކަންތައް ރާވާލަނީ އެހާވެސް މޮޅަށް ހިޔަޅުކޮށެވެ. އަޅުގަނޑު ވެސް ގޭބަންދުގައި ހުރުމުން މިވަރަށް މިކަމުގެ ތެރެއަށް މާބޮޑަށް ނުވަދެވި މާލޭން، އދ.އަތޮޅަށް ފޯމްތައް ބަދަލުކުރާގޮތަށް ރިލޭ ފޯމުތައް ފުރައިގެން ޖަވާހިރުވާދީއަށް އައިސް ހުރީމާ ސޮއިކޮށް ލެވުނީއެވެ. އޭރު ޤާސިމް ހުންނެވީ ބަންދުގައިކަމާއި ސިޔާސީ މަސްރަހު އޮތްގޮތުން، ހުރިބިރެއްގެ ސަބަބުން، ޤާސިމް އަޅުގަނޑަށް ސަޕޯޓު ކުރައްވަން ނުކެރޭނެކަން، އޭނާގެ ބޭބެ އިބްރާހީމްގެ ފަރާތުން އަޅުގަނޑުގެ ޓީމަށް އެންގެވިކަން އޭރުއޮތީ އަޅުގަނޑާ ހަމައަށް ނައިހެވެ. އޮޅުމެއްގެ ތެރޭގައެވެ. އެންދެރިމާގޭ ސިޔާސީކޭމްޕަށް އެމްޑީޕީތެރޭގައި ތިވެގެން ސިޔާސަތު ކުޅެދެނީ، ގާސިމުބޮޑަކަށް ހުރެ، އިބުރާއާއި މުހައްމަދު ޝިހާބު މެންނެވެ.
ފަހެ، މިހުރިހާ ކަމަކާއެކު، އިބުރާގެ ސިޔާސީ ރޭވުންގަނޑު ކާމިޔާބުވީއެވެ. އަޅުގަނޑު ކުރިމަތިލުމުގެ މުއްދަތު ހަމަވެ ދިޔައިރު ވެސް ހުންނަން ޖެހުނީ ގޭބަންދުގައެވެ. ވަރަށް ދެރައެވެ. ގާސިމުގެ ބޭބެ އިބުރާހިމް ކުރިން ވެސް އަންގަވާފައި އޮތް ގޮތަށް އެއާއިލާއިން އަޅުގަނޑަށް މިފަހަރު އެއްވެސް ތާއީދެއް ނުދެއްވައެވެ. އަޅުގަނޑަށް ޖެހުނީ، އދ.އަތޮޅުން ނުހޮވި ފެއިލްވާށެވެ. މިއީ ސީދާ ގަސްދުގައި އިބުރާ އާއި މުހައްމަދު ޝިހާބާއި ދެމީހުން މާލޭގެ ދެގޮނޑިއަށް ހޮވެންވެގެން ސީދާކޮށް އޭނާގެ މަކަރުވެރިކަމުން އަޅުގަނޑަށް ދިންލަނޑެކެވެ.
މިއީ އަޅުގަނޑަށް އިބުރާގެ ފަރާތުން ދެވުނު، އަބަދުވެސް ހަނދާން ހުންނާނެ ސިޔާސީ ހަމަލާއެކެވެ. ހަމަޔަޤީނުން ވެސް މާލޭގެ ގޮނޑިއަށް އަޅުގަނޑުގެނަން ކުރިން އޮތްގޮތަށް ބޭއްވުނު ނަމަ، އިބުރާ މާލޭން ހޮވިގެން ދިޔަގޮތަށް، އަޅުގަނޑުވެސް މާލޭން ހޮވުނީހެވެ. ޔަގީނެވެ. މާލޭރައްޔިތުން އޭރު ތިއްބެވީ އަޅުގަނޑު މެންނާ އެކުގައެވެ. ވަރަށް ދެރަވިއެވެ. އެހެނަސް ކުރާނެކަމެއް ނެތެވެ. މިއީ އިބުރާ އަޅުގަނޑަށް އޮޅުވާލައިގެން ސިޔާސީގޮތުން އަޅުގަނޑަށް ދެއްވި ޒާތީހުރަހެކެވެ. ފާޑެއްގެ ކަތިލުމެކެވެ.
13 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 93 ވަނަ ދުވަހެވެ. މިއަދަކީ ތިރީސްވަނަ ރޯދައެވެ. މާދަމާއަކީ ޢީދުކަން ޔަޤީނެވެ. ހ.ޅޮހީގޭ މާހިރު، މިއަދު ގެއަށް ބަދަލުކުރި ޚަބަރުލިބުނެވެ. ދެން ބާކީ ޖަލުގައި ތިބޭނީ، ޝުޢައިބާއި އައިސީއާއި ޒިޔާއްޓޭއާއި އައްޑޫ އިޔާޒާއި ފައުޒީއާއި ފަލާޙާއި އާސިއްޕެއާއި ވަލީދާއި ޚާއްސަ މަޖިލީހުގެ މެމްބަރު އަހުމަދު ޝަފީގު ސައްޕެ އެކަންޏެވެ. ޖުމްލަ، 9 ގައިދީނެވެ. މިމީހުންވެސް ވަރަށް އަވަހަށް މާލެގެންނާނެ ކަމުގެ ޚަބަރުތައް އިވެއެވެ.
އަދި، އޯގަސްޓް 12 ވަނަ ދުވަހުގެ ރެއާއި، 13 ވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި ބަޔަކުހިންގި ޤާނޫނާޚިލާފު އަމަލުތަކުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، 4 މީހެއްގެ މައްސަލަ ބަންޑާރަނައިބުގެ އޮފީހުން މިއަދު ކޯޓަށް ފޮނުވިއެވެ. ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގައި މިފަހަރު ދަޢުވާކުރެއްވުމަށް ނިންމެވި، 4 ބޭފުޅުންނަކީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މ.އަތޮޅު މެމްބަރު ހ.ރޭޑިއަންޓް އަޙްމަދު ޝަފީޤު ތ.ގާދިއްފުށީ (ސައްޕެ) އާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ބ.އަތޮޅު މެމްބަަރު، މއ.މަނާގެ ޢަލީ ފާއިޒާއި މ.ޔާޤޫތުގެ ޢަލީ ޢަބްދުﷲ އާއި މއ.ސިލްވަރސީން ނައުޝާދު ވަޙީދެވެ.
14 ނޮމެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 94 ވަނަ ދުވަހެވެ. މިއަދަކީ ފިޠްރުޢީދު ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. އޮތީ ކެއުމާއި ގޭގައި މަޖާނެގުމެވެ. ބައެއް ޚާއްސަ ރައްޓެހިން (އަންހެން) ބައްދަލުކުރިއެވެ.
15 ނޮވެމްބަރ 2004 ވިީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 95 ވަނަ ދުވަހެވެ. މިއަދަކީ އިލެކްޝަނަށް ފޯމްތައް ލާންޖެހޭ އެންމެފަހު ދުވަހަށްވާތީ، ރިލޭއައި ގުޅާފައި އެކަން ހަދާންކޮށް ދިނީމާ އިބުރާ ކައިރިއަށް ގޮސް ފޯމްތައް އަތުލައިގެން ރިލޭއައީ އަޅުގަނޑު ގާތަށެވެ. އިބުރާ ރިލޭކައިރީގައި ވިދާޅުވިކަމަށް ރިލޭބުނީ، މިހާރުމިއޮއްތި ކިޔަވާލާހަދާފަ ކަމަށެވެ. އިބުރާގެ މަކަރުވެރި މިއަމަލު ވެގެންދިޔައީ އަޅުގަނޑަށް ބޯންދިން ޒަހަރަކަށެވެ.
އިބުރާ ރިލޭކައިރީގައި އިރާދަކުރެއްވިއްޔާ އދ.އަތޮޅުން އިލްޔާސް ހޮވޭނެއެވެ. ކެމްޕޭންކުރަން ކެނެރީގައި ހުންނަ އޮފީހުން އެހީތެރިވެދޭނެއޭ ވެސް އިތުރަށް ރިލޭކައިރީގައި އިބުރާ ވިދާޅުވިއެވެ. ދެން ރިލޭ މިއަދު ހެދުނު، 10:30 އާއި 11:00 އާދެމެދު އިބުރާ ބުނެދިން ގަޑިއަށް އިބުރާބުނިގޮތަށް އެއަށް ފުމެލާ ހަދާފައި އިލެކްޝަނަށް ގޮސް އަޅުގަނޑުގެ ފޯމްތައް އެއޮފީހައި ހަވާލުކޮށް ނިންމާލީއެވެ. މިކަންތައް ނިންމާފައި ރިލޭ ގުޅާފައި މިވާހަކަ އަޅުގަނޑަށް ބުނެދެއްވިއެވެ. އިލެކްޝަނަށް ފޯމްތައްލާފައި، ﷲއަށް ވަކީލުކޮށް ލައިގެން ގޭގައި ހުރީއެވެ. ކަމެއް ކުރެވޭނީ މިނިވަން ވީމައޭ ހިތަށް އަހުވާލައިގެން ހުރީއެވެ.
އިބުރާގެ ނުލަފާ ރޭވުމުން އަޅުގަނޑު މާލޭގޮނޑިއަށްލީ ފޯމުތައް އދ.އަތޮޅަށް އޮޅުވާލައިގެން ބަދަލުކޮށްލުން:
އާދެ! މިކަމުގައި އިބުރާ މިކުޅުއްވީ ޔަހޫދީރޭވުން ގަނޑެއްކަން އެނގުނީ އަޅުގަނޑު މިނިވަންވެ، އަންނިގެ ކޮއްކޮ އަޙްމަދު ނާޒިމާ ވާހަކަ ދެކެވުމުންނެވެ. އޭރުއޮތީ މުއާލާތް ކެނޑިފައެވެ. ވާނެއެއްޗެއް ވެނިމިފައެވެ. އިބުރާގެ ޔަހޫދީ ބުއްދީގެ މަކަރުވެރި ރޭވުމުން އޭރުއޮތީ، އަޅުގަނޑުގެ ޖާގައަށް މުޙައްމަދު ޝުހާބުގެ ނަންވައްދާއި އޭނާއާއެކު މާލެއަށް ކެންޕޭން ކުރަންފަށާފައެވެ. އަޅުގަނޑު މިނިވަން ވެގެންނުކުމެ އިބުރާކައިރިއަށް ގޮސް މިމައްސަލަ ޖެއްސުމުން އިބުރާ މިކަން އަޅުވަނީ، ކެންޕޭނު އޮފީހުގެ ބޮލުގައެވެ. އަދި ލަންޑަނުން އަންނިމެން އަންގައި ގެންނޭވެސް ބުނަމުން ގެންދިޔައެވެ.
އެހެނަސް ހަގީގަތަކީ، އިބުރާގެ ނުލަފާ ޔަހޫދީކަމުން އަޅުގަނޑުމާލޭން ބަދަލުކޮށްލައި، އަދި، ގދ.އަތޮޅުންވެސް ލިޔަނުދީ ފޯމްތައް ހިފާއްޓައިގެން އަޅުގަނޑަށް އެދެޗާންސު ނުދީ ބުލޮކުކޮށްގެން ހުރެ، ފޯމިތައް ލާދުބަހާއި ގަޑިޖެހެންދެން ހިފާއްޓާލީއެވެ. މިއީ މީނާ އަޅުގަނޑަށް ސިޔާސީ ގޮތުން ލެޑެއް ދިނުމުގެ ގޮތުންކުރި ކަމެއްކަން އަޅުގަނޑާއި ރިލޭއަށް ފަހުން، ކަށަވަރު ކުރެވުނެވެ. ކުރިން ބިނެވިފައިވާނެ ފަދައިން މިއީ ސިޔާސީ ގަތުލެކެވެ!! ފޯމްތައް އޭނާ އަތުގައި ހިފޭއްޓީ ފަންޑިތަހެދުމުގެ ބަހަނާ ރިލޭއަށް ދައްކާފައެވެ. ކޮންމެއަކަސް އަޅުގަނޑުގެ ނަންމާލެއަށް އޮތްނަމަ އިބުރާއާއެކު ހޮވޭނީ އަޅުގަނޑެވެ.
އަޅުގަނޑު މިވާހަކަތައް ވާނީ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތަޅުމުގައި އިބުރާއާ ދެކޮޅަށް، ހޫނުޒުވާބެއް ކުރެވުނު ދުވަހެއްގައި ހަރުއަޑުން ގޮވާލާފައެވެ. އޭނާއިސްދަށަށް ޖަހައިގެން މަޑުން އިނީއެވެ. އަދި މިކަން އަޅުގަނޑު ކުރީ ތަޅުމުގައި މިހަންމަދު ޝިހާބު ވެސް އަޑުއަހަން އިންނަވަނިކޮށެވެ. މިއީންކަމެއް މުހައްމަދު ޝިހާބަށް އެނގިއެއް ނުލައްވާކަމަށް ފަހުން ޝިހާބު ވިދާޅުވިއެވެ. ފަހެ، މިއީ އިބުރާ ރާވައިގެން ހިންގިކަންތައް ގަނޑެކެވެ. އެންދެރިމާގޭ ކޭންޕުގެ ސަޔާސަތެކެވެ. އަބަދުވެސް އިބުރާއަކީ ސިޔާސީގޮތުން އަޅުގަނޑާއި ޑޮކްޓަރ ވަހީދާއި ދިމާކުރަމުން ގެންދާމީހެކެވެ. އެއީ އެންދެރިކޭމްޕުން އޭނާއަށް އަންގާފައި އޮންނަގޮތެވެ. މާލީމަދަދުތައް ލިބެނީ އެކަންކަން ތަންފީޒުކުރުމަށެވެ.
އެމްޑީޕީގެ ރައީސްކަން ޑޮކްޓަރ ވަހީދަށް ނުދިނުމަށް ވާދަކުރެއްވީ ވެސް މިކަހަލަ ރޭވުމެއްގެ ދަށުންނެވެ. އާދެ! އޭނާއަކީ އެންދެރިކޭމްޕުން ހޮވުމަށް ފަހު، ނެރެ އެމްޑީޕީތެރެއަށް ފިނުވި މީހުންގެ ތެރެއިން އިސް އެކަކެވެ. މިކަމުގެ އަޑީގައި ފޮރުވިގެން ހުންނެވީ، އެންދެރިމާގޭ އިލްޔާސް އިބްރާހީމް އެވެ. މިއީ އެންދެރިކޭމްޕެވެ. އިނގިރޭސިވިލާތުން އަންނި ހިންގެވިކަމެއް ނޫނެވެ. މިކަން އަމަލީގޮތުން ތަންފީޒުކޮށް ދިނީ އިބުރާއެވެ. ފަހުން ކުރެވުނު ދިރާސާތަކުން މިކަން ވަނީ، ކަށަވަރު ކުރެވިފައެވެ. ފަހެ، ދަންނައެވެ!! އަޅުގަނޑުގެ މުޅިސިޔާސީ ހަޔާތުގައި ވެސް އަޅުގަނޑު މިކަމެއް ހަނދާނެއް ނުނެތޭނެއެވެ. މިއީ އިބުރާ ޒާތީގޮތުން ދީފައިވާ ސިޔާސީ ހަމަލާއެކެވެ!!
މިއަދު ޝުޢައިބުގެ ވައިފް ޞޮފީއްޔާއައި ގުޅީމެވެ. ޝުޢައިބުގެ ޚަބަރެއް ވިތޯބަލާށެވެ. ވަރަށް އަވަހަށް ގެއަށް އާދެވިދާނެކަމަށް ޝުޢައިބު ފަރާތުން ޚަބަރުވި ކަމަށް ޞޮފީ ބުންޏެވެ. ތަޙްޤީޤު ވަރަށް އަވަހަށް ނިމޭނެ ވާހަކަވެސް ބުންޏެވެ. ޝުއައިބުގެ ހަބަރުތައް ލިބުމުން އުފާވިއެވެ. ޖަލުގެ ދުވަސްތައް ހަނދާނަށް ގެނެވުނެވެ.
16 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 96 ވަނަ ދުވަހެވެ. މިއަދަކީ ޢީދުޗުއްޓީގެ އެންމެފަހު ދުވަހެވެ. މާދަމާ ރަސްމީކޮށް ސަރުކާރުގެ އޮފީސްތައް ހުޅުވޭނެއެވެ. އިތުރުކަމެއް ނެތެވެ. ގޭގައި ހުރީއެވެ.
17 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 97 ވަނަ ދުވަހެވެ. މިއަދު ހަވީރު ޝުޢައިބާއި ޒިޔާއްޓޭ މާލެއަށް ގެނެސް ގޭގައި ބަންދުކުރިއެވެ. އަދި ގޭގައި ގެއަށް އެހެންމީހުން ވަނުންމަނާ ކަމުގެ ޢިއުލާނު ތަތްކުރިއެވެ. ރިލޭ ގުޅާފައި ޚަބަރުދޭ ގޮތުގައި ކެނެރީގޭގައި ކެންޕޭނު އޮފީހެއް ހުޅުވައިގެން އަޅުގަނޑުގެ ކެންޕޭނުވެސް އެއޮފީހުން ކުރިއަށް ގެންދެއެވެ. އެމީހުންގެ ލިސްޓުގައި އދ.އަތޮޅުގެ ކެނޑިޑޭޓެއްގެ ގޮތުގައި އަޅުގަނޑުގެ ނަންއޮންނަ ކަމަށް ރިލޭގެ ފަރާތުން ޚަބަރު ލިބެއެވެ.
18 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 98 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. ގޭނަބްދުގައި ހުރީއެވެ.
19 ނޮވެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 99 ވަނަ ދުވަހެވެ. ކަމެއްނެތި ގޭގައިހުރި ދުވަހެކެވެ.
20 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް ބަންދުގައި ހުންނަތާ، 100 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތެވެ. މިހެން ހުންނަ އިރު އަބަދުވެސް މިނިވަންކޮށް ދެއްވުމަށް އެދި ނަމާދަށް ފަހު ދުއާކުރަމެވެ. މިއަދަކީ ސަތޭކަ ވަނަ ދުވަސްވީމާ އެކަން ޚާއްސަކޮށްލެވުނެވެ.
21 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް ބަންދުގައި ހުންނަތާ، 101 ވަނަ ދުވަހެވެ. ގޭގެމައިދޮރުގައި ފުލުސް އޮފީހުން ތަތްކޮށްފަހުރި އިޢުލާނު އަޅުގަނޑު އުޅޭކޮޓަރީގެ ދޮރަށް ބަދަލުކޮށް ދެއްވާތޯ، ޕޮލިސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ.
22 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 102 ވަނަ ދުވަހެވެ. އަޅުގަނޑުގެ ފޯނާއި ގެއިންގެންދިޔަ ތަކެތިހޯދުމަށް ޕޮލިސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ. ފޯނުގެ ސިމްކާޑު ތިޔަބޭފުޅުން ގެންގުޅުއްވާ ދުވަހަކު އެސިމަށް މިހާތަނަށް އަރާފައިވާ ފައިސާގެ ބިލް ދައްކައި ދެއްވަން ޖެހޭނެކަމަށް ލިޔުނީމެވެ. މިއަދު ޖެނީއާއި އައިންތު ނަޖީބާއި ޑޮކްޓަރ ޙުސައިން ގޭބަންދުން ދޫކޮށްލިއެވެ. އެމީހުން މިނިވަންވީއެވެ. އަދި އައިސީއާއި ސައްޕެއާއި ސަންލޭންޑު ނަޒީރާއި އާސިއްޕެއާއި ފަލާޙާއި މިމީސްހުން ގޭބަންދަށް ބަދަލުކުރިއެވެ. މިކަމާ ގުޅިގެން ބަންދުކުރި އެންމެން ކަހަލަގޮތަކަށް ގެއަށް ބަދަލުވީއެވެ. އަދި ގިނަބަޔަކުވަނީ، ޝަރީޢަތަށް ފޮނުވާގޮތަށް މިނިވަންކޮށް ދޫކޮށްލާފައެވެ.
ހައްޔަރުކުރި ޖުމްލަ، 211 މީހުންގެ ތެރެއިން، އޭރު ހައްޔަރުކޮށް ފައި ތިބީ، 24 މީހަކުކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މިއަދު ހާމަކުރިއެވެ. 24 މީހުންގެ ތެރެއިން، 14 މީހަކު ތިބީ ގޭގެބަންދުގައި ކަމަށާއި އަނެއް، 10 މީހުން ތިބީ ޖަލުގައި ކަމަށް ވެސް މިއަދު ފުލުސް އޮފީހުން ހާމަކުރިއެވެ.
23 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 103 ވަނަ ދުވަހެވެ. ކެމްޕޭނުގައި ބޭނުންކުރުމަށް ފާސްކުރަން އިލެކްޝަނަށް ހުށަހެޅި ތަކެތި ފާސްވެގެން މިއަދު ލިބުނެވެ. ބަހަން ތައްޔާރުކުރި ސިޓީވެސް ފާސްވިއެވެ. މިތަކެތި އިލެކްޝަނުން ގެނެސްދިނީ ރިލޭއެވެ. އަދި މިހުރިހާކަމެއް ކޮށްދިނީ ރިލޭއެވެ. އިލެކްޝަނަށް ހުށަހެޅި ހުރިހާއެއްޗެއް ފާސްވިއެވެ. ދެން ކެންޕޭން ކުރަން ފަށަންވީއެވެ. ކެންޕޭނުގެ ކަންތަކާ އުޅުއްވަނީ ވެސް، ތަބައްގޭ ރިލޭއެވެ. ކެނެރީގޭގައި ހުޅުވާފައިހުރި ކެންޕޭނު އޮފީހާ ގުޅިގެންނެވެ.
24 ނޮވެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 104 ވަނަ ދުވަހެވެ. މިއަދު ޕޮލިސް އޮފީސް މެދުވެރިކޮށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމަށް ސިޓީއެއް ލިޔުނީމެވެ. ޖަލަށް ޔައުމިއްޔާތައް ފޮނުވަން ފެއްޓެވި ދުވަހުގެ ކުރިންހިނގި ޖަލްސާތަކުގެ ޔައުމިއްޔާތައް ހޯދުމަށެވެ. އަދި ޖަލުން ފޮނުވިސިޓީގެ ޖަވާބެއް ނުލިބޭތީ އެވާހަކަވެސް ލިޔުނީމެވެ. އަދި ޖަލްސާތަކަށް އަޅުގަނޑު ހާޒިރުކޮށް ނުދޭތީއެވާހަކަ ވެސް ލިޔުނީމެވެ. އަދި އެކަންތައް ވީހާއަވަކަށް ހަމަޖައްސައި ދެއްވައި ރައްތިތުންގެ ޙައްޤުގައި އަޅުގަނޑު ކޮށްގެންހުރި ހުވައަށް އަމަލު ކުރެވޭނެގޮތް ހައްދަވައި ދެއްވުން އެދި ދެންނެވީމެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން، 22 މީހެއްގެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމަށް ބަންޑާރަނައިބު އޮފީހަށް ފޮނުއްވައިފި ކަމަށް، މޯލްޑިވްސް ޕޮލިސް ސާވިސްއިން މިއަދު ހާމަކުރިއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުން، 14 މީހެއްގެ މައްސަލަ މިއަދާހަމައަށް ވަނީ، ޝަރީޢަތް ހިންގެވުމަށްޓަކައި ކޯޓަށް ފޮނުވާފައިމަކަށް ބުނެފައި ވެއެވެ.
25 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 105 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ.
26 ނޮވެމްބަރ 2004 ވީހިކުރު ދުވަސް، ބަންދުގައި ހުންނަތާ، 106 ވަނަ ދުވަހެވެ. ޚާއްސަ ކަމެއް ނެތެވެ. ގޭގައިހުރީއެވެ.
27 ނޮވެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 107 ވަނަ ދުވަހެވެ. ގޭގައި ހުރީއެވެ. ޚާއްސަކަމެއް ނެތެވެ.
28 ނޮވެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 108 ވަނަ ދުވަހެވެ. އިލެކްޝަންގައި އދ.އަތޮޅުން ކުރިމަތިލި މީހުންގެ ލިސްޓް ތަރުތީބުކުރުން މިއަދު ބޭއްވިއެވެ. އަޅުގަނޑުގެ ފަރާތުން މީހަކު ނުފޮނުވަމެވެ. ތަރުތީބު ހަމަޖެހިގެން ދިޔަގޮތެއް ނޭނގުނެވެ. އެހެނަސް އދ.އަތޮޅުން، 9 ކެނޑިޑޭޓުން ކުރިމަތިލިކަން އެނގުނެވެ.
ޖުމްހޫރީ މައިދާނުގައި ހިނގި ހަމަނުޖެހުން ތަކާގުޅިގެން ފުލުހުންގެ ތަޙްޤީޤަށް ހައްޔަރުކޮށް ގޭގެބަންދުގައި ތިބިމީހުންގެ ތެރެއިން، 6 މީހަކު ދޫކޮށްލައިފިކަން ފުލުސް އޮފީހުން މިއަދު ހާމަކުރިއެވެ.
ދިގުމުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރުމުގައި ދެމިހުއްޓައި ސަރުކާރުން ކަނޑާލުން:
29 ނޮވެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 109 ވަނަ ދުވަހެވެ. މިއަދު ހިތާމަވެރި ޚަބަރެއް ލިބުނެވެ. އަޅުގަނޑު ސަރުކާރުގެ ވަޒީފާއިން ވަކިކުރައް ވައިފިކަން ފައިނޭސް މިނިސްޓްރީގެ ނަމްބަރު: 32/2004/ ޕީ- 13 (21 ނޮވެމްބަރ 2004) ޗިޓު މިއަދު އަޅުގަނޑަށް ފުލުސް އޮފީހުން ގެނެސް ހަވާލުކުރިއެވެ. ޗިޓުގައިއޮތީ، 8 ނޮވެމްބަރ 2004 ގެތާރީޚެވެ. މިޗިޓުގައި ލިޔެފައިވަނީ، ވަޒީފާއިން ވަކިކުރެއްވީ ނޯޓިސް ދެވުނު މުއްދަތުގައި އެހެން ވަޒީފާއެއް ހޯދައިފައި ނެތުމުން ކަމަށް ރައީސް އޮފީހުން އެމިނިސްޓަރީއަށް އެންގެވިކަމަށެވެ. އަޅުގަނޑު ހޯމް މިނިސްޓަރީއަށް ލިޔުނު ސިޓީގައި މިކަމަށް އަލިއަޅުވާލައި ލިޔުނީމެވެ. އެހެނަސް ހޯމް މިނިސްޓަރ އުމަރު ޒާހިރު ބިރުފުޅުން މިކަމާ އުޅުއްވާކަށް ނުކެރުނެވެ.
ހޯމް މިނިސްޓްރީން އަޅުގަނޑަށް ވަޒީފާއެއް ހަމަޖައްސަވައި ދެއްވަން ކެރިވަޑައި ނުގަތީއެވެ. ޖަލުން ދިމާމި ފަހަރެއްގައި މިވާހަކަ އުމަރުޒާހިރު އަރިހުގައި ނަންގަތީމާ ވެސް އަޅާނުލެއްވީ ސަރުކާރު ދެކެގަންނަ ބިރުންކަން އެނގުނެވެ. މިމީހުންނަކީ ރައީސްމައުމޫމުގެ އަޅުންނެވެ. އިންތިހާއަށް ބިރުގަނެއެވެ. ކޮންމެއަކަސް، 8 ނޮވެމްބަރުން ފެށިގެން އަޅުގަނޑު ސަރުކާރުގައި ހުރިވަޒީފައިން މިވަކިކޮށްލުމަކީ، އެޓޮލްސް މިނިސްޓަރ އަބްދުﷲ ޙަމީދު ކޯފާވެގެން ކުރެއްވި ކަމެއްކަން ކަށަވަރެވެ. އެޓޮލްސް އިން ނޯޓިސް ދެއްވާފައި ބެހެއްޓީ ފައިނޭސް މިނިސްޓްރީގެ ނޯޓިސް ދެވިފައިވާ މީހެއްގެ ގޮތުގައެވެ. ޖަލުގައި ބަހައްޓާފައި ހުރުމުން ނޯޓިސް ދެއްވި، 3 މަސް ދުވަހުގެ ތެރޭގައި ވަޒީފާއެއް އެހެންތާކުން ހޯދާނެ ފުރުސަތެއް ނުލިބުނެވެ. އަދި ލިބުނަސް އެއީކީ މިސަރުކާރުން ކުރާނެކަމެއް ނޫނެވެ. މިއީ އެންމެ ފަހު ވަގުތު އަޅުގަނޑުގެ ވަޒީފާއާ ދޭތެރޭގައި ރައީސް މައުމޫނު ސަރުކާރުން ކަންތައް ކުރެއްވި ގޮތެވެ.
އަދި މިއަދު އަޅުގަނޑުގެ މޯބައިލް ފޯން ޕޮލިސް އޮފީހުން ގެއަށް ގެނެސްދީ، އަޅުގަނޑާ ވަހާލުކުރިއެވެ. ފޯނުގެންދިޔައިރު ފޯނުގައިއިން ސިމް އަދި ދޫކުރެވެން ނެތްކަމަށް ފޯނުހިފައިގެން އައިމީހާބުންޏެވެ. ފޯނު ނުބާއްވަން އުޅެފައިވެސް ސިމްކާޑައި ނުލައި ފޯނުބޭއްވީ މިނިވަން ވެގެން ދިރާގަށް ދެވޭއިރަށް ހަމައެނަމްބަރުގެ ސިމެއް ލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ. އެކަން ގެރެންޓީއެވެ.
ރޭގަނޑު، 8:30 ގައި ފުލުސް އޮފީހުގެ ނަޢީމް، އަދިވެސް އެހެން ފުލުހަކާއެކު އާދައިގެ ހެދުމުގައި ގެއަށް ވަޑައިގެން އަޅުގަނޑަށް އެންގެވީ، މިރޭ، 9:30 އަށް ކޯޓަށް ދިއުމަށް ތައްޔާރުވެގެން ހުރުމަށެވެ. އެހެނަސް ބަލާއައީ، 10:45 ގައެވެ. އައީ ނުދަންނަ ދެކުދިންނެވެ. މިދެކުދިން އައިސް ބުނަނީ ކޯޓަށް ދުރުވަންވީ ކަމަށެވެ. އަޅުގަނޑު ދެންނެވީމެވެ. އެހެން ހަމަބުނާހާއިރަށް ނުދެވޭނެއެވެ. ތިޔައީ ކޮންބައެއް ކަމެއް އަޅުގަނޑަކަށް ނޭންގެއެވެ. ދެން މިދެބޭފުޅުން ޕޮލިސްކާޑު ދެއްކުމަށް ފަހު، އިލްޔާސް ތިޔަހުންނެވީ ޕޮލިސް އޮފީހުގެ ބަންދެއްގައެވެ. އަވަހަށް ކޯޓަށް ވަޑައި ގަންނަވަންވީއެވެ. ދެން ވެސް އަޅުގަނޑު ދެންނެވީ، ކޯޓަށް ތިޔަގެންދަވަނީ ކޮންޤާނޫނެއްގެ ދަށުންކަން އެގެން ޖެހޭނެއެވެ. އަދި ކޯޓަށް ދެވޭނީ ލޮޔަރާ އެކީގައެވެ.
ދެން މިދެބޭފުޅުން، ފޯނެއްކޮށް ހަދާފައި ވިދާޅުވަނީ، އިލްޔާސްގެ ލޮޔަރުމުޢޮޒު މިހާރު ހުންނެވީ ކޯޓުގައި އިލްޔާސްގެ އިންތިޒާރުގައި ކަމަށެވެ. ދެން އަޅުގަނޑު މަގުމައްޗަށް ނުކުތްއިރު ޖަވާހިރުވާދީ މަގުމަތީ ދޮރުކުރިމަތީގައި ފުލުސް އޮފީހުގެ ކާރެއް އޮތެވެ. އެކާރަށް އަޅުގަނޑު އެރުމުން ގެންގޮސްބޭލީ ޖަސްޓިސް ބިލްޑިންގ ކައިރިއަށެވެ. ކޯޓަށް ވެއްދުމަށް ފަހު، ގޮނޑިއެއްގައި ބޭންދިތާ މާގިނައިރެއް ނުވަނީސް މުޢިޒު ދުރުވެއްޖެއެވެ. ދެން މުޢިޒާއެކު ގާޒީގެ ކޮޓަރިކޮޅަށް އަޅުގަނޑުމެން ވެއްދީއެވެ.
މިއީ ޖިނާއީކޯޓުގެ ޝަރީޢަތް ކުރައްވާ ކޮޓަރިކޮޅެވެ. އޭރު ގަޑިން ރޭގަނޑު، 11:00 ޖަހާފާނެއެވެ. ގާޒީއަކަށް އިންނެވީ، އަބްދުލްބާރީ އޭކިޔާ ބޭފުޅެކެވެ. އިސްކޮށް ކޯޓުތެރޭގައި ޑޮކްޓަރ ޖަމީލް އުޅުއްވާތަން ފެނުނެވެ. އަޅުގަނޑު ފެނިގެން ވަޑައިގެން ހީލާފައި ފާޑަކަށް ސަލާމްކޮށް ލެއްވިއެވެ. އެހާ ތާޒާ ހިނިތުން ވުމެއްނޫނެވެ. އެއްވެސް ވާހަކައެއް ނުދައްކަވައެވެ. އަޅުގަނޑާއި ލޮޔަރުމުޢިޒުގެ އިތުރުން ގާޒީގެ ކޮޓަރިކޮޅުގައި އިށީދެގެން ތިއްބެވީ، އެޓަރނީއެއް ކަމުގައިވާ ރޭނިސް ސަލީމާއި ފުލުސް އޮފީހުން، ޝާމީ އާއި ޝަމީމެވެ. ދެން އިއްޒަތްތެރި ގާޒީއެވެ. ކޮޅަށް ހުންނެވީ ގާޒީވިދާޅުވާ ކަންތައް ކޮޓަރިކޮޅު ތެރޭގައި ކުރަންހުންނެވި އެކަމަށް ޚާއްސަ ބޭފުޅާއެވެ.
މައްސަލަ ބަލަން ފެއްޓެވުމުގެ ގޮތުން ފުލުހުން ވިދާލުވީ، އަދިވެސް އިލްޔާސަކީ ބަންދުގައި ބަހައްޓަން ޖެހޭ މީހެކެވެ. ކުރަންހުރި ބައިވަރު ސުވާލުތައް އެބަހުރި ކަމަށެވެ. ތަޙްޤީޤުގައި ގިނައިން ދޮގުހަދާފައިވާކަން ފާހަގަކުރެވޭތީ އިތުރަށް ތަހުގީގު ކުރަން ޖެހެނީކަމަށެވެ. ދޫކޮށްލާފައި މިނިވަންކޮށް ބަހައްޓައިފިއްޔާ އަދިވެސް އިލްޔާސަކީ މިކަހަލަ އެއްވުންތަކުގައި ބައިވެރިވާނެ މީހެކެވެ. ސިޔާސީ ކަންކަމުގައިއުޅޭނެ މީހެކެވެ. މިހާރުވެސް ފުލުހުންނައި ޖަދަލުކޮށް ހަރުކަށި ޖަވާބުދީ ހަދާމީހެކެވެ.
އިލްޔާސް ދޫކޮށްލެވެން ނެތްކަމަށް މިދަންނަވަނީ އޭނާ ދޫކޮށްލައި ފިއްޔާ އެއްވުންތަކުގައި ބައިވެރިވެ މަސްލަޙަތު ނަގާލަން މަސައްލަތް ކުރާނެކަން ފުލުހަށް އެނގޭތީއެވެ. މިކަންތައް މިހެން ހިނގާނެކަން އަޅުގަނޑު މެންނަށް ޔަގީންވާތީއެވެ. އިއްޒަތްތެރި ގާޒީ އަރިހުން އެދެނީ މިނުކުތާތަކަށް ރިޢާޔަތް ކުރައްވައި އިލްޔާސް ބަންދުގައި ބެހެއްޓުމަށް ތިރީސް ދުވަސް އިތުރުކޮށް ދިނުމަށެވެ. ތަޙްޤީޤު މުޅިން ނިންމާލެވޭނީ، އިތުރު، 30 ދުވަސް ލިބިގެން ކަމަށް ފުލުހުން ގާޒީއަށް ތަކުރާރުކޮށް ދެންނެވިއެވެ.
ދެން ވާހަކަ ދެއްކެވީ އަޅުގަނޑުގެ ލޮޔަރުމުޢިޒެވެ. މުޢިޒު ގާޒީއަށް މުޚާޠަބުކޮށް ވިދާޅުވިއެވެ. އިލްޔާސްގެ ތަޙްޤީޤުވަނީ މުޅިން ނިމިފައެވެ. އެކިއެކި މަރްޙަލާތަކުގައި އިލްޔާސް، 100 ދުވަހަށްވުރެ ބަންދުގައި ގެންގުޅުއްވާފައި ވެއެވެ. އަދި ބަޔާންތައްވަނީ ނަގާނިންމާފައެވެ. ބަންޑާރަ ނައިބުގެ އޮފީހަށް ހުޅަހެށި، އަދި މައްސަލަވަނީ ޝަރުޢީކޯޓުގައެވެ. މައްސަލަ ކޯޓަށް ވައްދައިފައި ވުނުން ދެން ކުރާނެސުވާލެއް ނޯންނާނެކަމަށް ފެނެއެވެ. ބަންދުކުރެވުނު ތުހުމަތުގެ މައްސަލަ ވަނީ ނިމިފައެވެ. އިތުރަށް ކުރާނެ ސުވާލެއް އޮތްނަމަ ކޯޓަށް އިލްޔާސްގެ މައްސަލަ ނުވެއްދީހެވެ. އެހެންވުމުން އިތުރަށް އިލްޔާސް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.
އިލްޔާސްގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަކީ، އޯގަސްޓް 12-13 ގައި ޣައިރުޤާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށެވެ. އަދި އޭނާ ހައްޔަރުގައި ބެހެއްޓިފައި ވަނީވެސް، ހަމައެތުހުމަތު ގައެވެ. އެނޫން ތުހުމަތެއް އޭނާގެމައްޗަށް ކުރެވިފައެއް ނެތެވެ. ދެން ފުލުހުންގެ އަރިހުން، ގާޒީ އެއްސެވީ މިހާރު، އިލްޔާސްގެ މައްޗަށް ތިޔަކުރައްވަނީ ކޮންތުހުމަތެއް ތޯއެވެ؟ އަދި އިތުރު ތުހުމަތެއް ކުރައްވާކަން ވަނީ، އިލްޔާސަށް އެނގިލައްވާފަ ތޯއެވެ؟ ފުލުހުންގެ ތެރެއިން ޝާމީ ވިދާޅުވެއްޖެއެވެ. ނޫނެކެވެ. އެންގިފައެއް ނުވާނެއެވެ.
މިހާރު މިބޭނުންވަނީ އިތުރަށް މިކަހަލަ އެއްވުންތަކުގައި އިލްޔާސް ބައިވެރި ވެދާނެތީއާއި ތަޙްޤީޤުގައި އޭނާގެ ވާހަކަތައް ހުރިގޮތުން އެކަން ކުރާނެކަން ޔަގީންވާތީ އިތުރު، 30 ދުވަސް ބަންދުގައި ބެހެއްޓުމަށެވެ. އޭނާއާ ކުރަންޖެހޭ ސުވާލުތަކެއް ހުރުމުން އިތުރު، 30 ދުވަހު ބަންދުގައި ބަހައްޓައި ދިނުމަށް އެދޭކަމަށެވެ. ކުރަންޖެހޭ ސުވާލުތަކުގެ ތެރޭގައި ޖުމްހޫރީ މައިދާނުގައި އިލްޔާސް އުޅުނުއިރު އޭނާގެ ހަރަކާތްތައް ހުރިގޮތުން، ވަރަށް ފޯރިދީފައިވާ މީހެއްކަމާއި ހުކުރު ދުވަހު ހުކުރު ކުރަންއުޅުނު އިސްމީހުނެގެ ތެރޭގައި އިލްޔާސް ހިމެނެއެވެ. އެސުވާލުތައް ކުރުމުން އިންކާރުކޮށް ފައިވާތީ އަލުން އެތަޙްޤީޤު ފުރިހަމަކުރަން ބޭނުންވަނީއެވެ.
އަދިވެސް އިތުރު މީހުންގެ ހެކިލިބިއްޖެނަމަ، އިލްޔާސްއާ ގިނަސުވާލުކޮށް ބަޔާން ނަގަންޖެހިދާނެތީ ބަންދުގައި ބަހައްޓައި ދެއްވުންއެދޭ ކަމަށް ތަކުރާރުކޮށް ގާޒީއަށް ދެންނެވިއެވެ. މިހާހިސާބަށް ދިއުމުން އަޅުގަނޑަށް ނުހުރެވިގެން ވާހަކަދައްކަން ފެއްޓީއެވެ. މިހާރުވެސް މިހުންނަނީ ގޭގައިކަމަށް އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު ބޭނުންނަމަ ފުލުހުން އެވިދާޅުވާ ކަހަލަ ކަންތައް ކުރެވޭނެއެވެ. އެހެނަސް އަޅުގަނޑު މިހުންނަނީ މަޑުންގޭގައެވެ. މުޢިޒުވެސް ޖަވާބު ދެންވަން ފައްޓަވައިފިއެވެ. މުޢިޒު ގާޒީއަށް ވިދާޅުވިއެވެ. މިހާރުވެސް އިލްޔާސް އެހުންނަވަނީ ގޭގައެވެ. ބޭނުންފުޅިއްޔާ ފޯނުވެސް ބޭނުން ކުރެއްވޭ ގޮތަށެވެ. އަދި އެފަދަކަންތަކަށް އަސަރުފޯރުވޭ ގޮތަށެވެ. ގެއަށް ބަދަލުކުރި ތާވެސް، 22 ވަރަކަށް ދުވަސްވެއްޖެއެވެ.
އެކަހަލަކަމެއް އިލްޔާސްގެ ފަރާތުން ފެނިފައެއް ނެތެވެ. އަދި ގާނޫނާއި ގަދާއިދާޚިލާފު އެއްވެސް ގޯސްކަމެއް ގޭގައި ހުންނަވައިގެން ކުރައްވާފައެއް ނެތެވެ. އެހެންވީމާ އިލްޔާސް އިތުރަށް ބަންދުގައި ބެހެއްޓުމުގެ ބޭނުމެއް ނެތެވެ. ފުލުހުން އެވިދާޅުވާފަދަ ކަމެއްގައި ބައިވެރިވެ، ތުހުމަތު ކުރެވިއްޖެނަމަ، އަލުން ހައްޔަރު ކުރެވިދާނެއެވެ. ފުލުހުންނާއި ސިފައިންނަށް އެބާރުއަބަދުވެސް އެބައޮތެވެ. ދެން މިހާހިސާބުން އަޅުގަނޑު ދެންނެވީމެވެ. ކުރީފަހަރު ގާޒީއަކަށް އިންނެވި، އިއްޒަތްތެރި ގާޒީ އާދަމް ސަޢީދު ތިރީސް ދުވަސް އިތުރުކޮށް ދެއްވިރޭ ކޯޓަށް ފުލުހުންގެ ފަރާތުން ވަޑައިގެން އިންނެވި އަބްދުﷲ ނަވާޒު ވިދާޅުވީ، ތަޙުޤީޤުގައި އިލްޔާސް އެއްބާރުލުން ދެއްވިކަމަށެވެ. އަދި އިތުރަށް ކުރާނެ ސުވާލެއް ނެތްކަމަށެވެ.
އިލްޔާސްގެ ތަޙްޤީޤު ވެސް ވަނީ، ނިމިފައި ކަމަށެވެ. އަދި ތަޙްޤީޤު ޓީމުންވެސް ވާނީ ގެއަށް ބަދަލުކޮށް ދިނުމަށް އެދިފައި ކަމަށް އެރޭ ފުލުހުންގެ ފަރާތުން ނަވާޒު ވިދާޅުވިއެވެ. އެއީމީގެ، 30 ދުވަސް ކުރިއެވެ. މިހާރު ކޯޓަށް ވަދެ މިތިއްބެވި ފުލުހުން މިދައްކަވަނީ ކޮންވާހަކަތަކެއް ކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. މިބޭފުޅުން ފުލުހުންގެ ފަރާތުން މިރާވަނީ، ޒާތީގޮތުން އަޅުގަނޑަށް އިތުރުބޮނޑިއެއް ދޭންހެން އެބަހީވާ ކަހަލައެވެ. ނަވާޒު މިގޮތަށް ވިދާޅުވެފައި ނެތްތޯ ބައްލަވައި ދެއްވާށެވެ.
އަބްދުﷲ ނަވާޒަކީ މިބޭފުޅުންނަށް ވުރެމަތީ ފެންވަރެއްގެ އޮފިސަރެކެވެ. ދެން މިހާހިސާބުން ޝަރީޢަތުގެ މަޖިލިސް، ގާޒީ މެދުކަނޑާ ލައްވާފައި ފަސްމިނެޓްތެރޭގައި އަލުން، ޝަރީއަތުގެ މަޖިލިސް ފެށޭނެކަމަށް ވިދާޅުވެ ބޭރަށް ނުކުންނަވައި މަޝްވަރާ ކުރެއްވި ފަރާތްތަކަކައި މަޝްވަރާ ކުރެއްވުމަށް ފަހު، އަލުން ފެއްޓަވައި ވިދާޅުވިއެވެ. ދެންވެސް ދެފަރާތުގެ ދިގު ބަހުސަށްފަހު، ގާޒީ ނިންމެވީ އިތުރަށް، 15 ދުވަސް ގޭބަންދުގައި ބަހައްޓަވާ ގޮތަށެވެ.
އަޅުގަނޑުގެ ކުރިން ކޯޓަށް ވެއްދީ، ގ.މެޑޯ ޝާޒު ވަލީދެވެ. ވަލީދާއި އަދި ޖަލުންގެނައި ހަތަރުމީހުންނަށް ގާޒީ އިތުރުކޮށް ދެއްވީ، 30 ދުވަހެވެ. އިޔާޒާއި އަބުސީއާއި ފުލުހެއްގެ ގަޔަށް ވަޅިހެރި ހުސައިންޕައިޑަރ އާއި ފައުޒީއަށް، 30 ދުވަސް އިތުރުކޮށްގެން ގެންދިޔައީ ޖަލަށެވެ. ދޫނިދޫއަށެވެ. އަޅުގަނޑު ނުކުތުމުން ގާޒީގެ ކޮޓަރިކޮޅަށް ދެން ވެއްދީ ސައްޕެއެވެ. ސައްޕެއަށް އިތުރުކުރެއްވީ ކިހާވަރެއްކަމެއް ނޭނގެއެވެ. ދެން އަޅުގަނޑު ގެނެސް ގެއަށް ލާފައި ފުލުހުން ދިޔައީ، އެކާރުގައި ޤާސިމް ބަލާކަމަށް ކާރުގައިތިބި ފުލުހުންގެ ފަރާތުން އަޅުގަނޑަށް އެނގުނެވެ.
އަދި ކޯޓުތަކުގެ ބިލްޑިންގ މައިދޮރުކައިރިން ޤާސިމްގެ ކޮއްކޮ އަލީ އިބްރާހީމް ފެނުނެވެ. އޭނާއާއި އެހެން ބައިވަރު މީހުން އެތަނުން އެހާދަންވަރު ފެނުމުން ޤާސިމް ކޯޓަށް ގެންނަނީކަން އެނގުނެވެ. އަޅުގަނޑު މައްސަލާގައި ފުލުހުންގެ ތެރެއިން ގިނައިން ވާހަކަދެއްކީ، ޝަމީމެވެ. މީނާއަކީ ވަރަށް ދޮގުހަދާއި އޮޅުވާލައިގެން ނުބައިކޮށް ވާހަކަދައްކާ މީހެއްކަން ފާހަގަކުރެވުނެވެ. އަޚުލާގު ނުބައި މީހެކެވެ. އަޅުގަނޑާއި މުޢިޒުގެ ވާހަކަތަކުގައި ޝަމީމަށް ވަރަށް އެޓޭކު ދިނީމެވެ. އޭނާހުރީ ވާހަކަދެއްކުމުގައި ތުރުތުރު އަޅައަޅައެވެ. ބިރުންކަމެއް ދޮގުހަދަމުން ދާތީކަމެއް އަލަށް ކޯޓުގައި ވާކާލާތު ކުރައްވާތީ ކަމެއް ނޭނގެއެވެ. އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.
30 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 110 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނެތެވެ. ގޭގައިހުރީއެވެ.
1 ޑިސެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 111 ވަނަ ދުވަހެވެ. މިއަދުހެދުނު ރާއްޖޭގެ ގަޑިން، 8:30 ގައ އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނަވާ، ދިވެހި އޮބްޒާވަރ ސައިޓް ހިންގަވާ ސައްޕެ، ބީބީސީއަށް ޚާއްޞަ އިންޓަރވިއޫއެއް ދެއްވުން އޮތެވެ. އެއިންޓަރވިއޫގައި އަޅުގަނޑު ބަންދުގައި ހުރެގެން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ވާހަކަ ވިދާޅުވިއެވެ. ސަރުކާރު ފަރާތުން ބީބީސީއަށް އެރުއްވީ މުނާފިގުކަން ބޮޑު، ޚާރިޖީ ވަޒީރު ޑޮކްޓަރ އަޙްމަދު ޝަހީދެވެ. ޖަނާޒާކުޑޭ އެވެ.
އަދި އެވާހަކަތަކުގެ ޖަވާބު ދެއްވަން އެރުއްވީ އަރުވާލެވިގެން އިނގިރޭސި ވިލާތުގައި އޭރު ހުންނެވި ގ.ކެނެރީގޭ މުހައްމަދު ނަޝީދު އަންނިއެވެ. މިމީހުންގެ ތެރެއިން އެންމެރަނގަޅީ އަންނި ދެއްކެވި ވާހަކަތަކެވެ. މިފުރުސަތުގައި އަންނިއަށް ގޭބަންދުގައި ހުރެގެން، މަރްޙަބާއާއި ސަލާމް އަރިސްކުރަމެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2004 ގެކެނޑިޑޭޓުންގެ ނަންތައް އިލެކްޝަނުން އިޢުލާނު ކުރެއްވިއެވެ. އަޅުގަނޑަށް ލިބިފައިއޮތީ، އދ.އަތޮޅު ލިސްޓުން، 7 ވަނަ އެވެ. 9 ބޭފުޅުން އެލިސްޓްގައި، އދ.އަތޮޅުން ކުރިމަތި ލައްވާފައި އޮތެވެ. މިއަދު ވެސް ޖަލުގައި ހުރެގެން މާލެއަށްލީ ފޯމުތަކަށް ވީގޮތުން ދެރަވެ ހިތާމަކުރީމެވެ. މިފަހަރު އދ. އަތިޅުން ނުހޮވޭނެކަން އިހުސާސް ކުރެވޭތީއެވެ.
އަދި މިއަދު، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސް އައްބާސް އިބްރާހީމަށް، 8 ނޮވެމްބަރ ގައި އަޅުގަނޑު ލިޔުނު ސިޓީއަށް، އޭނާ ދެއްވިޖަވާބު ލިބުނެވެ. މިއީ، 3 ސަފްހާގެ ދިގުޖަވާބެކެވެ. ކަމާނުގުޅޭ ގިނަވާހަކަތަކެއް ލިޔުއްވާފައިވާ ސިޓީއެކެވެ. އެސިޓީ ފައްޓަވާފައި ވަނީ، މިފަދައިންނެވެ. އަކުރުން އަކުރަށް މިތާގައި އެސިޓީ ލިޔެލާނަމެވެ.
ބޮޑުމަޖިލީހުގެ ރައީސްގެ ސިޓީއެއް:
“އަރިއަތޮޅު ދެކުނުބުރީ މެމްބަރު އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމަށް، ވެދުންސަލާމަށްފަހު، ދަންނަވަމެވެ. 8 ނޮވެމްބަރ 2004 ގައި ފިނުއްވި ސިޓީގައި ދެތިން ނުކުތާއަކަށް ވާހަކަ ދައްކަވާފައިވާތީ، އެނުކުތާ ތަކަށް އެތަރުތީބުން، އަންނަނިވި ގޮތަށް ޖަވާބު އަރުވަމެވެ.
އެކެއް- މެމްބަރުންގެ އިމްތިޔާޒު.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒު ބަޔާންވެގެން ވަނީ، ހަމައެކަނި ޤާނޫނުއަސާސީގެ، 104 ވަނަ މާއްދާގައެވެ. އެމާއްދާގައި ވާގޮތުން، އެއިމްތިޔާޒުގެ ދާއިރާއަކީ، މަޖިލީހުގެ ޤާނޫނީ ޖަލްސާއެއް ނުވަތަ ކޮމެޓީއެއްގެ ޖަލްސާއެއްގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތުގެމަތިން، މެމްބަރުން ފާޅުކުރައްވާ ޚިޔާލުފުޅު ތަކާއި ދައްކަވާ ވާހަކަފުޅު ތަކާއި ވޯޓުދެއްވުމުގައި ޢަމަލު ކުރައްވާ ގޮތެވެ.
އެހެންކަމުން ޚާއްޞަ މަޖިލީހުގެ މެމްބަރަކަށް ލިބިވަޑައި ގެންވާ އިމްތިޔާޒަކީ މަޖިލީހުން ބޭރުގައި ހިނގާކަމަކާ ގުޅިގެން އުފެދޭ މައްސަލައަކުން، ނުވަތަ ޖިނާއީ ޢަދުލުގެ ނިޒާމުގެ ދަށުން، މެމްބަރަކު ބަރީއަކުރެވޭނެ އިމްތިޔާޒެއް ކަމަށް ޤާނޫނީގޮތުން ބަލާނެޖާގައެއް އޮތްކަމެއް ކަމުގައެއް ނުވެއެވެ.
ދޭއް- ޖަލްސާތަކަށް ހާޒިރުވުން.
އެއްވަނަ ނުކުތާގައި ދަންނަވާފައިވާ ފަދައިން، އިމްތިޔާޒުގެ ދާއިރާއޮތީ ކަނޑައެޅިފައިވާ ވަކިޙުދޫދެއްގެ ތެރޭގައި ކަމަށްވާތީ، މަޖިލީހުގެ ޖަލްސާތަކަށް ޝަރުޢީ ބަންދުގައި ނުވަތަ ޤާނޫނީ ބަންދުގައި ތިއްބަވާ މެމްބަރުން ހާޒިރުކުރުމުގެ ކަންތައް އޮތްގޮތާމެދު ވިސްނާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
(ހ) އިމްތިޔާޒުގެ ދާއިރާއަކީ، ކަނޑައެޅިގެން ބަޔާންވެގެންވާ، އަދި ހަނިދާއިރާއެއްކަން.
(ށ) އެހެން ޤައުމުތަކުގައި ޤާނޫނު އަސާސީގެ އިތުރަށް އެހެންބައެއް ޤާނޫނުތަކާއި ޤާނޫނީ އުސޫލުތައް ކަމާގުޅޭގޮތުން ތަޢާރުފްކުރެވި، އެމައްޗަށް ޢަމަލު ކުރެވެމުން ދާއިރު، ރާއްޖޭގައި މެމްބަރުންގެ އިމްތިޔާޒުގެ ވާހަކަ އިންނަނީ ހަމައެކަނި ޤާނޫނު އަސާސީގައިކަން.
(ނ) މެމްބަރުންގެ އިމްތިޔާޒާގުޅޭ ގޮތުން، ޤާނޫނި އަސާސީގެ، 104 ވަނަ މާއްދާ ފިޔަވައި، ރާއްޖޭގައި އެއްވެސް ޤާނޫނެއް ނުވަތަ އުސޫލެއްވެސް ކަނޑައެޅިފައި ނުވާތީ، ދުނިޔޭގެ އެހެން ޤައުމުތަކުގައި ކަންހިނގާގޮތަށް ބަލާއިރު، ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަނުން ލަފާލިބިފައި ވާގޮތުގައި، ކޮމަންވެލްތް ޤައުމުތަކުގެ ޕާލިމަންޓް ތަކުގެ މެމްބަރުންވެސް، ޤާނޫނީ ނުވަތަ ޝަރުޢީ ބަންދުގައި ނުވަތަ ކުށެއް ނުކުރަނީސް ވެސް ސަލާމަތީ ޤާނޫނެއްގެ ދަށުން ބަންދުކުރެވޭ ހިސާބުން ފެށިގެން މެމްބަރުކަމުގެ އިމްތިޔާޒު ނެތިގެންދާ ކަމާއި ޖަލްސާއަށް ހާޒިރުވުމުގެ ފުރުސަތު ލިބިދެވެނީ، ތަޙްޤީޤަށް ހުރަސް ނޭޅޭހިނދެއްގައި، ބަންދުކުރާ ފަރާތުގެ ރުހުން އޮވެގެން ކަމަށްވާކަމާއި، ޕާލަމެންޓުގެ ރައީސަށް ވެސް، ބަންދުގައިހުރި މެމްބަރަކު ހާޒިރުކުރުމަށް އަމުރެއް ކުރެވޭނެ ޖާގައެއް ނޯންނަކަން އެނގޭއިރު، ޚާއްޞަ މަޖިލީހަކީ، ޕާލަމެންޓަކަށް ނުވިނަމަވެސް، އެއްކަހަލަ އިމްތިޔާޒުތަކެއް ލިބިދީފައިވާ ބައަކަށްވާތީ އެއްއުސޫލު މިޙާލަތަށް ވެސް ހިންގިދާނެކަން.
(ރ) ޤާނޫނު އަސާސީގެ، 105 ވަނަ މާއްދާގައި ބަޔާންކޮށްދެނީ، މެމްބަރުކަމުގެ މަޤާމު ހުސްވާ ޙަލަތުތަކުގެ ވާހަކަ ކަމަށާއި ޖަލްސާއެއް ކުރެވޭނީ ހުރިހާ މެމްބަރުން ހާޒިރުވެގެން ނުވަތަ ހާޒިރުކޮށްގެން ކަމަށް ބަޔާންކުރާ މާއްދާއަކަށް އެމާއްދާ ނުވާކަމާއި، މެމްބަރަކަށް ހިތުން ރުހުމުން ވެސް، މުޅިމަޖިލީހުގެ ހަޔާތުގައި އެއްވެސް ޖަލްސާއަކަށް ހާޒިރުވެ ވަޑައިނުގެން ވެސް ހުންނެވި ދާނެކަމާއި ހަމައެގޮތަށް އަމިއްލަ އިޚްތިޔާރުން ބޭރުގޮތަކަށް ވެސް ޖަލްސާއަށް ހާޒިރުނުވެވި ހުންނެވި ދާނެކަން.
ދެންނެވިދިޔަ ކަންކަން އެހެންހުރުމުން، ޤާނޫނީ ބަންދެއްގައި ހުންނެވި ހުންނެވުމަކީ، ނުވަތަ ޖަލްސާތަކަށް ވަޑައި ނުގެންނެވޭ ގޮތްވުމަކީ، ޤާނޫނު އަސާސީގެ، 104 ވަނަ މާއްދާއާ ޚިލާފުވާކަމެއް ކަމަކަށް، އަޅުގަނޑަށް ދެންނެވޭނެ ޤާނޫނީ އަސާސެއް ނެތެވެ. އެހެންނަމަ ވެސް، ޖަލްސާތަކަށް ވަޑައިގެންނެވޭނެ ގޮތެއްވޭތޯ، ޤާނޫނީ ހަމަތަކުގެ މަތީން، ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް އަޅުގަނޑުކޮށް ދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ. 25 ނޮވެމްބަރ 2004 ޚާދިމުކުމް، ސޮއި ޢައްބާސް އިބްރާހީމް. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސް. މިސިޓީގެ ނަމްބަރަކީ: 16/ 2004/ ޕީއެމް/ އެމްކޭ/ 57 އެވެ. ފޮނުވާފައިވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލިސް މާލެ ދިވެހިރާއްޖެ އިންނެވެ.”
މިސިޓީ ލިބުނީ މިއަދު މެންދުރު އެއްގަޑި ފަނަރައިގައެވެ. މިސިޓީގައި ޚާއްޞަ މަޖިލީހުގެ ރައީސް ދައްކަވާފައި މިހިރީ ގިނައިން ބަހަނާ ވާހަކަތަކެކެވެ. ޤާނޫނުތައް ހެދިފައި ނެތިއްޔާ ޤާނޫނު އަސާސީއަށާއި ޤާނޫނު އަސާސީގެ ރޫޙަށް ބައްލަވާފައި މެމްބަރުންނާ ދޭތެރޭގައި އިމްތިޔާޒީ ފިޔަވަޅު ޖަމިލީހުގެ ރައީސަށް އެޅުއްވޭނެއެވެ. މިއީ ވަރަށް ސާފުކޮށް އޮތްކަމެކެވެ. ކޮމަންވެލްތަށާއި ދުނިޔޭގެ ބަހަނާތަކަށް ވާސިލްވާކަށް ނުޖެހެއެވެ. މަޖިލީހުގެ ކަރާމާތާއި މެމްބަރުންގެ އިމްތިޔާޒު ޙައްޤުގޮތުގައި ޤާނޫނު އަސާސީގެ ދަށުން މަޖިލީހުގެ ރައީސަށް ދަމަހައްޓައި ދެވޭނެއެވެ. އެހެނަސް އެކަންކުރައްވަން ބޭނުންފުޅު ނުވާތީ، ދިގުބަހަނާތައް ދައްކާއި ބޭކާރުހަމަތައް އެޅުއްވިދާނެއެވެ. މިކަހަލަ ރީތިޖަބާތައް ލިޔުއްވި ދާނެއެވެ.
2 ޑިސެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 112 ވަނަ ދުވަހެވެ. ވަކިޚާއްޞަ ކަމެއް ނެތެވެ.
3 ޑިސެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 113 ވަނަ ދުވަހެވެ. ކަމެއްނެތި ގޭގައިހުރި ދުވަހެކެވެ.
4 ޑިސެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ 114 ވަނަ ދުވަހެވެ. ކެންޕޭން ސިޓީތައް ޗާޕްކޮށްގެން ލިބުމުން އެސިޓީ ތަކުގައި ސޮއި ކުރުން މިއަދު ކުރިއަށް ގެންދިއައިމެވެ. އެއީ ދެހާސް ސިޓީއެވެ. މިކަމުގައި އެހީތެރިވަނީ ރިލޭއެވެ.
5 ޑިސެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 115 ވަނަ ދުވަހެވެ. މޯބައިލް ފޯނުގެ ސިމްކާޑު ފިޔަވާ ޕޮލިސް އޮފީހަށް ގެއިން ގެންދިޔަ ސަމާނު މިއަދު އަނބުރާގެއަށް ގެނެސްދިނެވެ. ސަންގު މަޖައްލާގެ ދެއަދަދު ގެނެސްދީފައެއް ނެތެވެ. ފުލުސް އޮފީހުން ބޭއްވީއެވެ. މިދެއަދަދުގެ އަސްލުތައް ހޯދަން ފޯކުނުރުމުން ވިދާޅުވީ ތިޔަކަންތައް ބަލާފައި ޖަވާބެއް ދޭނެކަމަށެވެ.
ސަންގުގެ ހުރިހާސަންގެއް އަޅުގަނޑު އަތުގައި ބަރާބަރަށް ހުރިހާ އަދަދެއްގެ އަސްލުތައް ހުއްޓެވެ. އަޅުގަނޑު ޖަލުގައި އިންދައި ގެއަށްވަދެ ފާސްކުރިދުވަހު މިބޭފުޅުން ފުލުސް އޮފީހަށް ގެއިން ވަގަށް ނަގައިގެން ގެންދެވީ ސަންގު މަޖައްލާގެ ހުރިހާއަސްލު ތަކެވެ. އަޅުގަނޑުގެ ފޮތްއަލަމާރީގައި ހުރިހާއަދަދެއް ހަމައަށް ބަރާބަރަށް ހުއްޓެވެ. މިއަދު މިގެނެސްދިނީ އޭގެތެރެއިން ބައެއް އަދަދު މަދުންނެވެ. ފަހެ، މިއީ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ފުލުހުންގެ އަތުން އަޅުގަނޑަށް ލިބެންޖެހޭނެ ބަދަލެކެވެ. ފައިސާއިން ނަމަވެސް ބަދަލު ދޭންޖެހޭނެއެވެ. އެއީ އަގެއްހުރި މަޖައްލާތަކެކެވެ.
6 ޑިސެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 116 ވަނަ ދުވަހެވެ. ގޭގައިހުރީއެވެ.
7 ޑިސެމްބަރ 2004 ވީއަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 117 ވަނަ ދުވަހެވެ. ޚާއްޞަކަމެއް ނެތެވެ. ގޭގައި ހުރީއެވެ.
8 ޑިސެމްބަރ 2004 ވީބުދަ ދުވަސް، ބަންދުގައި ހުންނަތާ، 118 ވަނަ ދުވަހެވެ. މިއަދު ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އިދާރާއަށް އެމަޖިލީހުގެ ގަވައިދުގައި ހިމަނަންފެންނަ މާއްދާތަކަށް އިސްލާހު ހުށަހެޅުމަށް ހުޅުވާލުމުން، 5 އިސްލާހެއް އަޅުގަނޑު ހުށަހެޅީމެވެ. މަޖިލީހުގެ ހުރިހާ ލިޔުންތަކެއް މިހާރު ގަވައިދުން ގެއަށް ފޮނުވައިދެއެވެ. އަދި މޯބައިލްފޯނުގެ ސިމްކާޑާބެހޭ ގޮތުން ފުލުސް އޮފީހަށް ސިޓީއެއް ލިޔުނީމެވެ.
އަދި އެސިމަށް ދައްކަން ޖެހޭފައިސާ ދިރާގަށް ވީހާއަވަށް ދަެއްކެވުމަށް އެސިޓީގައި ލިޔުނީމެވެ. އެސިމާ ގުޅިގެން ދިރާގަށް ހުރިހާޒިންމާއެއް އުފުލަން ޖެހޭނީ ޕޮލިސް އޮފީހުންކަމަށް އަޅުގަނޑު ލިޔުނީމެވެ. އަދި މިއަދަށް ފަހު އެސިމާގުޅިގެން ހިނގާއެއްވެސް ކަމެއްގެ ޒިންމާ އަޅުގަނޑު ނުއުފުލާނެ ކަމަށް ލިޔެފައި ވާނެއެވެ. އަދި އަޅުގަނޑަށް ލިބެންޖެހޭ ސަންގުގެ އަދަދުތައް އަވަހަށް ގެއަށް ފޮނުވައި ދެއްވުން އެދިވެސް ދެންނެވީމެވެ.
9 ޑިސެމްބަރ 2004 ވީބުރާސްފަތި ދުވަސް، ބަންދުގައި ހުންނަތާ، 119 ވަނަ ދުވަހެވެ. ކަމެއްނެތް ދުވަހެކެވެ.
10 ޑިސެމްބަރ 2004 ވީހުކުރު ދުވަސް، ބަންދުގައި ހުންނަތާ، 120 ވަނަ ދުވަހެވެ. ގޭގައި ހުރީއެވެ. އެއްވެސް ކަމެއް ނެތެވެ.
11 ޑިސެމްބަރ 2004 ވީހޮނިހިރު ދުވަސް، ބަންދުގައި ހުންނަތާ، 121 ވަނަ ދުވަހެވެ. ކެނެރީގޭގައި ހުންނަ ކެންޕޭން އޮފީހުން، ފަތްޙުﷲ ކިޔާބޭފުޅަކު އަޅުގަނޑަށް ކެންޕޭން ކުރުމަށް އދ.އަތޮޅަށް މިއަދު ފުރުވާލިކަމަށް ކެމްޕޭނު އޮފީހުން އީވާ ގުޅާފައި އެންގިއެވެ. އަޅުގަނޑުހުރީ ބަންދުގައި ކަމުން ކުރެވޭނެ މާބޮޑުކަމެއް ނެތެވެ. އީވާއަބުދުﷲ އަކީ އަބަދުވެސް އަޅުގަނޑަށް ޚާއްސަގޮތެއް ބަހައްޓަވާ ކަމަނާއެކެވެ. އެކަމާ އަބަދުވެސް ޝުކުރުވެރި ވާނަމެވެ.
ޤާސިމުގެ ބޭބެ އިބްރާހީމްބެ ވިދާޅުވެފައިވަނީ ޤާސިމް ބަންދުގައި ހުންނެވީމާ އިލްޔާސް ފަދަ ސިޔާސީ މީހަކަށް އަދި ބަންދުގައިހުރި މީހަކަށް މިފަހަރު ތާއީދުކޮށްފިއްޔާ ވަރަށް ގޯސްވާނެ ކަމަށެވެ. އެހެންވުމުން މިފަހަރު ތާއީދު ކުރެވެން ނެތްކަންވަނީ އަޅުގަނޑަށް ރަސްމީކޮށް އަންގަވާފައެވެ. މިޚަބަރު ލިބުމާއެކު، މިހާހިސާބުން އަޅުގަނޑު ހޮވުމަކީ ނުވާނެކަމެއްކަން އަޅުގަނޑަށް ވަނީ ކަށަވަރު ވެފައެވެ.
އިބުރާގެ ފަރާތުންވެސް ކެންޕޭން ކޮށްދޭނެ ވާހަކަވަނީ ރިލޭގެ ފަރާތުން އެނގިފައެވެ. އެހެނަސް އަޅުގަނޑު އިބުރާއަށް އެއްގޮތަކަށް ވެސް އިތުބާރެއް ނުކުރަމެވެ. އޭނާއަކީ އަޅުގަނޑު މާލޭން ކުރިމަތި ލިޔަނުދީ ހިފަހައްޓާލި ނުލަފާ މީހާއެވެ. އަދި ގދ.އަތޮޅުން ކުރިމަލި ލާފާނެތި އަޅުގަނޑުގެ ފޯމްސެޓް ފަންޑިތަހަދަންށޭ ކިޔުއްވާފައި ހިފޭއްޓެވި، ޒާތީޙަސަދައިން ފުރިފައިވާ މީހެކެވެ. މިހުރިހާ ނުބައެއް ރާވާއި ހެއްދެވި މީހަކީ ބޯގަންވިލާ އިބުރާއެވެ. ދުވަހަކުވެސް އިބުރާއަކީ، އަޅުގަނޑު އިތުބާރު ކުރާނެ މީހެއްނޫނެވެ. އެހެނަސް އަބަދުވެސް، މިހާރު ވެސް މުސްލިމެއްގެ ހައިސިއްޔަތުން އަޚުވަންތަކަން ގެންގުޅެމެވެ. އެކަން ދަމަހައްޓާނަމެވެ.
12 ޑިސެމްބަރ 2004 ވީއާދީއްތަ ދުވަސް، ބަންދުގައި ހުންނަތާ، 122 ވަނަ ދުވަހެވެ. އދ.އަތޮޅުގެ ބައެއް ރައްޓެހިން، ފަތްޙުﷲ އޭކިޔާ މީހަކު އައިސް އިލްޔާސޭ އެބަކިޔަމުން ދާވާހަކަ، މިއަދު ގުޅާފައި ބުނެހެދިއެވެ. އަޅުގަނޑު ދަންނަވަމުން ދިޔައީ މިފަހަރު މިހުރީ ބަންދުގައި ކަމަށާއި ޤާސިމްގެ ސަޕޯޓުވެސް ވަނީގެއްލިފައި ކަމަށެވެ. ޤާސިމް ބަންދުގައި ހުންނެވުމުން އަޅުގަނޑު ކަހަލަ ސިޔާސީމީހަކަށް އެޢާއިލާއިން ތާއީދުދީ ސަޕޯޓުކުރަން ނުކެރެނީ ކަމަށް އެމީހުންގާތުގައި ބުނެފައި ފޯނު ބާއްވަނީއެވެ. މިހާރުވެސް އަޅުގަނޑަކީ އދ.އަތޮޅުން ޚާއްޞަ މަޖިލީހުގައި ހުރިމެމްބަރެކެވެ. ކުރާނެކަމެއް ނެތެވެ.
މިފަހަރު ރައްޔިތުންގެ މަޖިލީހަށް އިބުރާއާހެދި ނުވަދެވޭނެކަން ޔަޤީންވީއެވެ. ގޭގައި ހުރެގެން އެކަމާ ވަރަށް ދެރަވެގެން އެވާހަކަ ދައްކާހަދަމެވެ. ވަކިކުރާނެ ކަމެއްނެތެވެ. އެހެނަސް އޭނާ (އިބުރާ) އާއި މުޙައްމަދު ޝިހާބު މާލެއިން ހޮވޭނެކަން މިހާރުވަނީ ކަށަވަރު ވެފައެވެ. މިއީ ސިޔާސީގޮތުން އިބުރާ އަޅުގަނޑަށް ދެއްވި ލޮޓިއެކެވެ. އޭނާގެ ނުލަފާކަމެވެ. އަޅުގަނޑު އޭނާއާ ރިލޭ މެދުވެރިކޮށް މިވާހަކަދެއްވުމުން ބުނީ އަންނި އަންގައިގެން، މުޙައްމަދު ޝިހާބަށް އިލްޔާސްގެ ޖާގަބަދަލުކޮށްލަން ޖެހުނީ ކަމަށެވެ.
ޙަޤީޤަތަކީ އޭނާގެ ނުލަފާކަމެވެ. މިކަންރޭވީ އިބުރާ އަމިއްލައަށް ކަން ފަހުން ކަށަވަރު ކުރެވުނެވެ. އަންނިމެންގެ ކަމެއްނޫނެވެ. އަޅުގަނޑަށް ނަންބަދަލުކުރާ ފޯމްގައި ސޮއިކުރެވުނީ ބަންދުގައި ހުރީމައެވެ. އަދި ހަގީގަތް ނޭނގި ހުރެއެވެ. ހެޔޮއެދޭ މީހަކައި މަޝްވަރާކޮށްލާނެ ފުރުޞަތު ވެސް ނުލިބުނީމައެވެ. އެވަގުތު ރިލޭއަށް ވެސް މިވަނީކީއްކަމެއް ރެއަކާ ނުލީއެވެ. އަދި އަޅުގަނޑަށް ވެސް އެހާދުރަށް ވިސްނާނުލެވުނީ އެންމެންނަކީ ޔަހޫދީވިސްނުން ގެންގުޅޭ މީހުންނަށް ނުވާތީއެވެ.
13 ޑިސެމްބަރ 2004 ވީހޯމަ ދުވަސް، ބަންދުގައި ހުންނަތާ، 123 ވަނަ ދުވަހެވެ. މިއަދު ފައިނޭސްގެ ނޯޓިސްދެވޭ މަގާމުގައިހުރި، 3 މަސް ދުވަހުގެ މުސާރަނެގުމަށް ސިޓީއެއްލިޔެ އެމިނިސްޓަރީއަށް ފެކުސްއެއް ކުރީމެވެ. އަދި އެސިޓީގެ އަސްލު މީހެއްގެ އަތަށްދީފައި އެމިނިސްޓްރީއަށް ރައްދުކުރީމެވެ. މިސިޓީ ފޮނުވާލުމަށް ފަހު، އެމިނިސްޓަރީއާ ފޯނުން ގުޅުމުން ވިދާޅުވީ މުސާރަ ހަވާލުކުރެވޭނީ، 8 އޯގަސްޓުން ފެށިގެން ބަންދުކުރި ދުވަހާ ހަމައަށެވެ. ބަންދުގައި ތިބޭމީހުންނަށް މުސާރަދެވޭގޮތަށް އޮންނަނީ، ޑިފެންސުން އަންގާއެއްޗެއްގެ މައްޗަށެވެ. ދޫކޮށްލެއްވި ކަމުގެ ޗިޓްއައުމުން ބާކީދުވަސް ތަކުގެ މުސާރަ ދޫކުރެވިދާނެ ކަމަށް އޭނާބުނުއްވިއެވެ. އަޅުގަނޑު އޭނާއަށް ޖަވާބުދިނީ، މިނިވަން ކުރުމުން އަޅުގަނޑު ތިޔަކަމާ އުޅޭނެ ކަމަށެވެ.
ބަންދުން މިނިވަންވުން:
14 ޑިސެމްބަރ 2004 ވީ އަންގާރަ ދުވަސް، ބަންދުގައި ހުންނަތާ، 124 ވަނަ ދުވަހެވެ. މިއަދު މެންދުރު އެކެއް ޖެހިއިރު ޕޮލިސް އޮފީހުން ބޭފުޅަކު ޖަވާހިރުވާދީއަށް ފޯނުކުރައްވާފައި އަޅުގަނޑަށް އެންގެވީ، އެއްގަޑިބަޔާއި ދެއަކާދޭތެރޭގައި ޕޮލިސް އޮފީހުން އިލްޔާސް ބަލާއަންނާނެ ކަމަށެވެ. ތައްޔާރު ވެލައިގެން ހުރުމަށެވެ. މިނިވަންވަނީ ކަމުގެ އުފާވެރި ޚަބަރު އައީ ކަމަށް އަޅުގަނޑު ނިންމައި ތިމާގެ އެންމެންނަށް މިކަން އަންގައިފީމެވެ. އެންމެންވެސް ތިބީ، ވަރަށް އުފަލުންނެވެ. ޕޮލިސް ކާރެއް އަޅުގަނޑު ބަލާއައިސް އަޅުގަނޑު ނެރުނީ މެންދުރު، 1:45 ގައެވެ.
މިބޭކަލުން އަޅުގަނޑު ގޮވައިގެން ދަމުން ވަޑައިގަތީ ގޭގައިތަތްކޮށްފައި އިން އިޢުކާނު ނައްޓާލައިގެން ހިއްޕަވައި ގެންނެވެ. މިހާހިސާބުން ދޫކޮށްލަނީކަން މުޅިން ޔަޤީންވެއްޖެއެވެ. ކާރުގައިތިބީ ޑްރައިވަރަކަށް އިންނެވި ބޭފުޅާއާއި އެހެން ކުއްޖެކެވެ. ދެބޭކަލުންނެވެ. ދެން ފަހަތު ސީޓުގައި އަޅުގަނޑެވެ. މިދެބޭފުޅުން އަޅުގަނޑާ ވަރަށް ވާހަކަދެއްކިއެވެ. މިއަދު ދޫކޮށްލާނެ ކަމަށް ބުނެދިނެވެ. އަޅުގަނޑު ގެންގޮސް ވެއްދީ ޝަހީދުޙުސައިން އާދަމް ބިލްޑިންގަށެވެ. އެބިލްޑިންގުގެ ވާއަތްފަރާތުގައި ތިރީގައިހުރި ކޮޓަރިއަކަށް ވެއްދިއިރުހުރީ ސޯފާސެޓެކެވެ.
އެތަނުން ސޯފާއެއްގައި އިށީނުމަށް އަންގާފައި އަޅުގަނޑު ވެއްދި އޮފިސަރު ދޮރުލައްޕާ ލައްވާފައި ހިނަގައްޖެއެވެ. މިއީ ބޮޑެތިބޭފުޅުން ބައިތިއްބާ ސިޓިންރޫމެވެ. އަޅުގަނޑު ވެއްދީ އެކޮޓަރިން އިބްރާހީމް ޙުސައިން ޒަކީ ނެރެގެން ކާރަށް ގެންގޮސް ފައެވެ. މިހަރަކާތުން މިއަދު، ޒަކީ ވެސް ދޫކޮށްލެއްވީކަން އެނގުނެވެ. ދެން މާގިނައިރުތަކެއް ނުވަނީސް އަޅުގަނޑު މައްޗަށް ގެންގޮސް ތަޙްޤީޤު ކޮޓަރިއަކަށް ވައްދައި އެންގުމެއްގައި ސޮއި ކުރުވީއެވެ. މިއެންގުމުގައި އޮތީމާލޭން ބޭރަށް އެއްވެސް ތާކަށް ދާންވެއްޖެނަމަ ހޯމް މިނިސްޓަރީން ހުއްދައެއް ނަގަންޖެހޭ ގޮތަށެވެ.
އަޅުގަނޑު އެލިޔުން ރާެއޖެއިން ބޭރަށް ދާނަމަ، މިގޮތަށް ބަދަލުކުރުމަށް އެދުމުން ބަދަލުކޮށް ދެއްވިއެވެ. ދެން އަޅުގަނޑު ސޮއިކުރީ ރާއްޖެއިން ބޭރަށް ފުރާނަމަ ހޯމް މިނިސްޓްރީން ހުއްދައެއް ނަގައިގެންނޫނީ ނުފުރާގޮތަށެވެ. މާލެތެރޭގައި އެތަންމިތަނަށް އެއްވެ ސަރުކާރާ ދެކޮޅުވާހަކަތައް ދައްކާހަދަންޏާ އަނެއްކާވެސް ބަންދުކުރެވޭނެ ކަމަށް ލިޔެފައި އޮތެވެ. އެލިޔުމުގައި ދޫކޮށްލިކަމަށް ލިޔުނިގަޑިއަކީ، 14:12 އެވެ. ދެން އަޅުގަނޑު އެލިޔުމުގައި ސޮއިކޮށް ނިންމާލީއެވެ. މިހާހިސާބުން ދެންދުރުވިޔަސް އެންމެރަނގަޅޭ ވިދާލުވެއްޖެއެވެ. ޝުކުރިއްޔާއޭ ބުނެފައި އަޅުގަނޑު ހިނގައިގަތީ ގެއާދިމާއަށެވެ. އޯކިޑްމަގުން ބަންޑާރަމިސްކިތް ފެނުމުން އެމިސްކިތަށް އަރައި ޝުކުރުގެ ދެރަކުޢަތް ކޮށްގެން، ﷲއަށް ހެޔޮދުޢާކޮށް ހަދާފައި ގެއަށް އައީއެވެ. އަލްޙަމްދުލިއްލާހި! މިނިވަންވީއެވެ!
މިފަދަ އަނިޔާތަކުގައި ބުއްދިސަލާމަތުން ލެހެއްޓެވީތީ، ﷲއަށް ޝުކުރާއި ޙަމްދު ދެންނެވީމެވެ. އަންހެނުންނާއި ކުދިންކައިރީގައި ހަވީރުވަންދެން އުޅެފައި ހަވީރު ނުކުތީ ގ.ކެނެރީގެއަށް، ކެންޕޭނު އޮފީހަށެވެ. މިތާގައި ބޮޑަކަށް އެވަގުތު އިންނެވީ، އީވާ ޢަބްދުﷲ އެވެ. އީވާކައިރީގައި މާލޭން އދ.އަޮތޮޅަށް ބަދަލުކުރީ ކީއްވެތޯ ސުވާލުކުރުމުން އެއްގޮތަކަށް ވެސްނޭނގޭ ކަމަށް ބުންޏެވެ. އިލްޔާސް ކުރިމަތިލީ، އދ.އަށް ނޫންތޯއޭ އީވާ ބުންޏެވެ. މިހާހިސާބުން މާލޭން އދ.އަތޮޅަށް އަޅުގަނޑުގެ ނަން ބަދަލުކޮށްލީ، އިބުރާ އަމިއްލައަށްކަން ޔަޤީންވެއްޖެއެވެ.
ފުރަތަމަ ޖަލުގައި ހުރެގެން އަޅުގަނޑު ކުރިމަތިލީ މާލެއަށްކަން، ކެންޕޭން އޮފީހަށް އެއްގޮތަކަށް ވެސް އެނގިފައެއް ނެތެވެ. އެހެނަސް އިބުރާ ރިލޭކައިރީގައި ބުނުއްވީ، ކެންޕޭން އޮފީހުން އިލްޔާސް ގެނަންް އދ.އަތޮޅުން ކުރިމަތިލާގޮތަށް ބަދަލުކުރަން އަންގައިގެން އެކަންކުރީ ކަމަށެވެ. އަޅުގަނޑުގެ ގޮނޑި މާލޭން ގެއްލުވާލީ މިގޮތަށެވެ. ރައްޔިތުންގެ މަޖިލީހަށް ނުވަދެވުނީ އިބުރާގެ އޮޅުވާލުމުގެ މިއަމަލާ ހެދިއެވެ. އިބުރާއާއުކު އަޅުގަނޑު މާލޭން ހޮވެން އޭނާ ބޭނުންނުވީއެވެ. މިކަމާހެދި އަޅުގަނޑުހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެހެންވުމުން، އދ.އަތޮޅަށް ގޮސްކެންޕޭން ކުރާހިތްވަނީ ކެނޑިފައެވެ. ޤާސިމް ވެސް ހުންނެވީ، ނެތްމީހެކޭ އެއްވަރެވެ. ބަންދުކުރުމުގެ ބިރުގައެވެ.
މިއީ ސިޔާސީ ގޮތުން އިބުރާ އަޅުގަނޑަށް ދިން އެންމެފުރަތަމަ އެތިފަހަރެވެ. ކެންޕޭން އޮފީހުން ޚަބަރުދިން ގޮތުގައި މިރޭއެއޮފީހުގައި އުފާފާލުކުރުމުގެ ހަފްލާއެއް އޮވެއެވެ. މިނިވަންވި މީހުންނަށް މަރްހަބާ ކިއުމަށެވެ. ކެންޕޭނު އޮފީހުން އަންނަމުން ދިރާގަށްވަދެ، އަޅުގަނޑުގެ ނަންބަރުގައި، 7773308 މިނަންބަރުގެ އާސިމެއް ނަގައިގެން ގެއަށް އައީއެވެ. އާސިމެއް ދޫކުރީ ދައްކަންޖެހޭ ފައިސާ ދިރާގަށް ދެއްކުމުންނެވެ.
އޮތީ މިރޭ އަޅުގަނޑާއި ރިލޭއާ ދެމީހުން، ކެންޕޭނު އޮފީހަށް ދާގޮތަށެވެ. އާސިމެއް ލިބުމުން ފުލުސް އޮފީހުގައި ހިފާއްޓާފައިއޮތް ސިމްހޯދާކަށް އޭގެފަހުން ނޫޅެމެވެ. އާސިމެއް އެނަންބަރުގައި ދިނީދައްކަން ޖެހުނު ހުރިހާފައިސާއެއް ދެއްކާޚާލާޞް ކުރުމުންނެވެ. އެއީ އެންމެ، 2500.00 ރުފިޔާއެވެ. މާބޮޑު އަދަދެއް ނޫނެވެ. އެހެނަސް އެފައިސާ ފުލުހުންގެ އިދާރާއިން ހޯދުމަށް އަޅުގަނޑު މަސައްކަތް ކުރީމެވެ. މިހާހިސާބުން މިނިވަނަކަށް އަނެއްކާވެސް ވީއެވެ. މިބުރުގެ ބަންދުން ސަލާމަތްވީއެވެ. އަލްޙަމްދު ލިއްލާހި ރައްބިލްޢާލަމީން! އާމީން!
މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:
ދައުލަތުން އަޅުގަނޑުގެ މައްޗަށް އުފުލި ދަޢުވާގެ ޚުލާޞާ ބައްލަވާ ލައްވާށެވެ.
ޤަޟިއްޔާ ނަންބަރ: 2004/ ޖޭސީ/ 752
ފޯމް ނަންބަރ: 659/ ޖޭސީ/ 2004/ 1659
ހުށަހެޅުނު ތާރީޚް: 2004 / 10 / 31
މައްސަލާގެ ބާވަތް: ޣައިރު ޤާނޫނީ އެއްވުމަކުން އަމަން ނަގާލުން
ދަޢުވާގެ ޚުލާޞާ:
ޣައިތުޤާނޫނީ އެއްވުމަކުން އަމަން ނަގާލުން، (އިލްޔާސް ޙުސައިން އިބްރާހީމް، މިނިސްޓްރީ އޮފް ޑިފެންސް އެނޑްް ނޭޝަނަލް ސެކިއުރިޓީގެ ނަމްބަރު: 77/ 2004/ އޭ 28 (09 އޯގަސްޓް 2004) އިޢުލާނުން ޤަނޫނާއި ޤަވާޢިދާޚިލާފު އެއްވުންތައް ބޭއްވުމާއި މިފަދަ އެއްވުން ތަކުގައި ބައިވެރި ވުމަކީ، މަނާކަމެއްކަން ޢާއްމުކޮށް އަންގައި އިޢުލާނުކޮށްފައި ވަނިކޮށް، 12 އަދި 13 އޯގަސްޓް 2004 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެއުޅުނު މީހުންނާ، މީނާ ބައިވެރިވެ އުޅެފައިވާތީއާ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ފަރާތުން އެތަނަށް އެއްވެތިބި މީހުން ޞުލްޙަވެރި ކަމާއެކު ދިއުމަށް ތަކުރާރުކޮށް އެންގުމުން ވެސް ނުގޮސް މަޑުކޮށްފައި ވާތީ، ޤާނޫނުލް ޢުޤޫބާތުގެ، 46 ވަނަ މާއްދާއައި ޙަވާލާދީ އެޤާނޫނުގެ، 50 ވަނަ މާއްދާގެ ދަށުން، އިލްޔާސް ޙުސައިން އިބްރާހީމްގެ މައްޗަށް ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެދަޢުވާ.)
ނޯޓް: މިއީ ދަޢުވާފޯމްގައިވާ ޚުލާޞާއާ އެއްގޮތަށް ލިޔެފައިވާ ލިޔުމެކެވެ.
އާދެ! ދެން މިގެނެސްދެނީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ، 77 ނަންބަރު އިޢުލާނު ނެރެފައިވާގޮތަށް އަކުރުން އަކުރަށެވެ.
ބިސްމިއްލާހިއް ރަޙްމާނިއް ރަޙީމް. ދައުލަތުގެ ނިޝާން.
މިނިސްޓްރީ އޮފް ޑިފެންސް އެނޑްް ނޭޝަނަލް ސެކިއުރިޓީ، މާލެ، ދިވެހިރާއްޖެ. ނަންބަރު: 77/ 2004/ އޭ 28
އިޢުލާން.
މިހާރަކަށް އައިސް މާލޭގެ ސަރަޙައްދެއްގައި ބަޔަކު ކޮންމެ ރެއަކު އެއްވަމުން އެބަދެއެވެ. މިއެއްވުން ތަކުގައި، ޤާނޫނާޚިލާފު ކަންތައްތައް ކުރުމަށް ހިތްވަރުދޭ ލިޔުންތައް ބަހާއި، އެފަދަ ލިޔުންތައް ބަހައްޓައި، އަދި ޢާއްމު މަޞްލަޙަތު ގެއްލޭފަދަ ޙަރަކާތްތައް ހިންގަމުން ގެންދާތީ، މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަމުން ދާކަން މި މިނިސްޓްރީއަށް އެނގިފައި ވެއެވެ.
ވީމާ، މިފަދަ އެއްވުންތައް ބޭއްވުމާއި މިފަދަ އެއްވުން ތަކުގައި ބައިވެރި ވުމަކީ، މަނާކަމެއް ކަމުގައި ހަނދާންކޮށް ދިނުމުގެ ގޮތުން މިކަން ޢާއްމުކޮށް އިޢުލާނު ކުރަމެވެ.
މިފަދަ އެއްވުންތަކާއި ޙަރަކާތްތަކަކީ، އެކަމުން މުޅިޤައުމަށް ވަރަށްފުން ނޭދެވޭ އަސަރުތަކެއް ކުރުން އެކަށީގެންވާ ކަންތައްތަކަކަށް ވާތީ، މިފަދަ ކަންތައްތައް ފެތުރިގެން ދިޔަނުދިނުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުން ދެއްވުމަށް ވެސް އެދި ދަންނަވަމެވެ.
23 ޖުމާދަލްއާޚިރާ 1425ހ. 9 އޯގަސްޓް 2004މ. އޮފިސަރެއްގެ ރަސްމީ ސޮއި، އަދި ރަސްމީ ތައްގަނޑު.
ނޯޓް: މިއިޢުލާން މިއަދުންފެށިގެން، 3 ދުވަސް ވަންދެން ހަވީރު/ އާފަތިސް/ މިއަދު ނޫހުގައި ޝާއިޢުކޮށް ދެއްވުމަށް.
އާދެ! 15 ޑިސެމްބަރ 2004 ވީބުދަ ދުވަހު ސައިބޮއިލާ ހަދައިގެން ދިޔައީ ލޯޔަރު މުޢިޒު އޮފީހަށެވެ. މިއަދަކީ މިނިވަންވުމަށް ފަހު، އަޅުގަނޑުގެ ޙަޔާތަށް އާދުވަސްތަކެއް ގުނަންފެށުނު ދުވަހެވެ. މިއޮފީހުން ޙުސްނުއް ސުޢޫދައި ބައްދަލުވިއެވެ. ވަރަށް ގިނައިރު މިއޮފީހުގައި ވާހަކަދައްކަން ތިބީމެވެ. ބޮޑަށް އަޅުގަނޑުމެން ޑިސްކަސްކުރީ ސަރުކާރުގެ އެހީތެރިކަން ލިބިގެން ހިންގަމުން ގެންދާ ވެބްސައިޓްތައް ކަމުގައިވާ “ދަމޯލްޑިވިއަން” އާއި “ފެކްޓްމޯލްޑިވްސް” ގައި އަޅުގަނޑުމެންގެ އަބުރާބެހިގެން ލިޔެފައިހުރި ވާހަކަތަކަށް ބިނާކޮށް ޝަރުޢީކޯޓަށް އެއިން މައްސަލައެއް ވެއްދޭނެގޮތެއް ހޯދޭތޯއެވެ. މުޢިޒަށްވުރެ މިކަމުގައި ފޯރިހުންނަނީ ޙުސްނެވެ.
21 ޑިސެމްބަރ 2004 ގައި ޖުމްހޫރީ މައިދާނަށް މީހުން އެއްވެ ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި ސިފައިންގެ ދެމީހަކަށް ވަޅިން ހަމަލާދިން، މ.ބްރައިޓުފުލާވަރ ޙުސައިން ޔޫސުފް (ސްޕައިޑަރ ހުސައިން) ގެޝަރީޢަތް ޖިނާއީކޯޓުގައި ފެއްޓެވިއެވެ. މީނާއަކީ އިސްލާހީ ޙަރަކާތުގެ ބައިވެރިއެއް ނޫނެވެ. ޖަލުގުރޫޕުގެ ޕާޓޭއެކެވެ. މުޅިޙަޔާތް ދުއްވާލަނީ ގޮޅިތަކުގައެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރެއްވީ، މީހަކުމަރާ ލެވިދާނެ ހަތިޔާރަކާއެކު ޣައިރުޤާނޫނީ އެއްވުމަކުން އަމާންނަގާލުމުގެ ދަޢުވާއާއި އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގެ ދަޢުވާއެވެ.
އާދެ! ކަޅުހުކުރުގައި ބަންދުކުރި އަޅުގަނޑުމެން ކަހަލަ، އިސްލާހީ ހަރަކާތުގެ ގިނަމީހުން މިނިވަންކޮށް ދޫކޮށްލާފައި ތިއްބަސް ސަރުކާރުން ގެންދަވަނީ، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މިމީހުންނަކީ، ސަރުކާރާ ދެކޮޅަށް ބޮޑުބަޣާވާތެއް ހިންގިބައެއްގެ ގޮތުގައި ފާހަގަކޮށް ދަޢުވާކުރުމުގެ ކަންތައް ޝަރުޢީކޯޓަށް ހުށަހަޅުއް ވަމުންނެވެ. ސަރުކާރުން ކަޅުހުކުރުގެ ކަންތައް ސިފަކުރަމުން ގެންދަނީ، ދިވެހި ދައުލަތާ ދެކޮޅަށް ވެރިކަން ވައްޓާލުމަށް، ގެންނަން އުޅުނު ބަޣާވާތެއްގެ ގޮތުގައެވެ. އި
ސްލާހީ ހަރަކާތުގައި ބައިވެރިވި އެންމެންގެ ބޮލުގައި ބަޣާވާތުގެ މިބަދުނާމު އަޅުވާފައި ރާއްޖެއިން އިސްލާހީ ހަރަކާތް ނައްތާލުމަކީ، މިސަރުކާރުގެ އެންމެ ބޮޑު ބޭނުމެވެ. ސަރުކާރު ފަޅިން ޖާސޫސީ އެކިމީސްމީހުން އިސްލާހީ ހަރަކާތުގެ ތެރެއަށް ވައްދައިގެން އަޑިއަޑިން ރާވަމުން ގެންދެވީ މިފަދަ ބަދުނާމެއް އަޅުވާފައި މިކަމުގައި އިސްކޮށްް ހަރަކާތްތެރިވި ލީޑަރުންތައް ނެތިކޮށްލާށެވެ. ނުވަތަ ދިގުޙުކުމް ތަކެއް އިއްވާލާށެވެ. އެހެންކަމުން މިކަމުގެ ހިތާމާގައި އެތައް އާޢިލާތަކެއްގެ ފަރާތުން، އެމީހަކަށް ކުރެވުނުހާކަމެއް، ފަންޑިތަ ވެރިކަމުންނާއި ކިޔެވެލީގެ ޒަރީޢާއިންނާއި އިޚްލާޞްތެރި ދުޢާތަކުން އެންމެން ވެސް ކުރަމުން ގެންދިޔައެވެ.
މިކަމަކީ، ރައީސް މައުމޫނަށްް ބައިޢަތުހިއްޕަވައިގެން ތިއްބެވި، ފަތުޙުﷲ މެން، ޒާހިރު ހުސައިނުމެން ކޭންޕުން، ވަކިބަޔަކަށް އަމާޒުކޮށް ސަރުކާރު ތެރެއިން ރޭވިނުލަފާ ރޭވުމަކަށް ވާތީ، އެންމެން ވެސް، ހުރިހާރައްޔިތުން ވެސް ބޭނުންވީ ކަޅުހުކުރުގައި ބަންދުވި ހުރިހާ ސިޔާސީ މީހުން ވީހާއަވަހަށް ސަލާމަތް ވުމަށެވެ. މިނިވަން ވާށެވެ. ޚާއްސަކޮށް ޤާސިމްގެ މައްޗަށް ޙުކުމެއް ނައިސް މިނިވަންވޭތޯ ގިނައަދަދެއްގެ ރައްޔިތުން ތަކެއް އެމީހަކަށް ކުރެވުނު ހުރިހާ ކަމެއް، ރޠހާނީގޮތުންނާއި ފަންޑިތަވެރިކަމުގެ ތެރެއިން ކުރަމުން ގެންދިޔައެވެ.
ކިޔެވެލިތައް:
ހުސްތަންތާނގައި ތިބެ، ކިޔެވެލީގެ އެންމެމަތީ ކިޔެވެލި، 99 ޚަތިމުކުރުން ވެސް ގަވައިދުން ބަޔަކު ކުރިޔަށް ގެންދިޔައެވެ. އަދިވެސް އެމީހަކަށް ހެދުނު ފަންޑިތައެއް މިކަމުން ޙުކުމެއް ނައިސް ސަލާމަތްވޭތޯ ހަދަމުން ގެންދިޔައެވެ. ޖިންނީންނާ ގުޅުންހުންނަ އެކިމީހުން އެފަރާތްތައް މެދުވެރިކޮށް އެކިކަންތައް ކުރަކުން ގެންދިޔައެވެ. ދުންއަޅައި ކިޔެވިމީހުން ވެސް އދ.އަތޮޅު ހިސާބުގައި ތިއްބެވެ. ވަކިވަކިން މިސްކިތުގައި ތިބެ ދުޢާދެންނެވި މީހުން ވެސް ތިއްބެވެ. މިއީ މިކަމަށް ރޫޙާނީ އަސަރުތަކެއް ކުރާނެކަމެއްކަން ޔަޤީނެވެ. މީގެ އިތުރަށް އަނިޔާ ލިބުނު އެތައްބައެއްގެ ދުޢާތައް ދިޔައީ ރެއާއި ދުވާލު ކުރެވެމުންނެވެ.
ސުނާމީ އެރުން:
26 ޑިސެމްބަރ 2004 ގައި ނުރައްކާތެރި ސުނާމީޙާދިޘާ ދިވެހިރާއްޖެއަށް ބޮޑުކާރިޘާއެއްގެ ގޮތުގައި ކުރިމަތިވިއެވެ. ބައެއް ރިޒޯޓުތަކުގައި ކުރިސްމަސް ދުވަސް ކަމުގައިވާ، 25 ޑިސެމްބަރުގެ މަސްތީ މަޖަލުގައި އަވަދިނެތި ބަޔަކު އުޅެފައި، އަރާމު ނިންޖެއްގައި ނިދިފައި ތިއްބާ އަނެއް ދުވަހުގެ އިރުގެ އަލިކަމާ އެކުހެން ކުރިމަތިލާން ޖެހުނީ ދިވެހިން ދުވަހަކުވެސް ދެކެފައިނުވާ ވަރުގެ ގުދުރަތީ ކާރިޘާއަކާއެވެ.
ޤުދުރަތީ މިކާރިޘާގައި ލިބުނު ގިނަގުނަ ގެއްލުންތަކުގެ ސަބަބުން ދިވެހީންގެ ގިނަބަޔަކަށް ހިތާމަވެރިކަމައި ވަރަށް ގިނަގޮތްގޮތުން ކުރިމަތި ވިއެވެ. މިނުރައްކާތެރި ޙާދިޘާގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ހުރިހާދިވެހިން ޤައުމީގޮތުން އިއްތިޙާދުވެގެން ކުރެވުނު މަސައްކަތު ތެރޭގައި، ކަޅުހުކުރުގެ ޙާދިޘާއާ ގުޅިގެން ބަންދުގައި ތިބި މީހުން ދޫކޮށްލައްވައި، އަދި ސަރުކާރުން، ދަޢުވާކުރެއްވުމަށް ކަނޑައެޅުއްވި ފަރާތްތަކާމެދު، ދަޢުވާ ކުރެއްވުން ހުއްޓާލުމުގެ ވިސްނުންފުޅެއް ރައީސް މައުމޫނުގެ ހިތްޕުޅަށް އިލްހާމު ކުރެއްވިއެވެ. މިކަމާ ގުޅިގެން އެމަނިކުފާނު ރަސްމީކޮށް މިކަން އިޢުލާނު ކުރެއްވީ، 1 ޖެނުނއަރީ 2005 ގައެވެ.
އާދެ! 1 ޖެނުއަރީ 2005 ގައި އޯގަސްޓް ބާރަތޭރަ (ކަޅުހުކުރު) ގެޙާދިޘާއާ ގުޅިގެން ދައުލަތުން ހުށަހަޅުއްވާފައިވާ، ދައުލަތާ އިދިކޮޅު ޢަމަލުކުރިކަމުގެ ދަޢުވާތައް އަނބުރާ ގެންނެވުމަށް ރައީސް މައުމޫނު ރަސްމީކޮށް ދައުލަތުގެ ބަންޑާރަ ނައިބަށް އެންގެވިއެވެ. ރައީސް މައުމޫނު މިކަން އިޢުލާނު ކުރެއްވީ، މީލާދީއާއަހަރުގެ މުނާސަބަތުގައި ނެރުއްވި ރަސްމީ ބަޔާނެއްގައެވެ. މިބަޔާނުގައި ވަނީ، މިފަދައިން ވެއެވެ.
ކަޅުހުކުުގެ ހުރިހާ ބައިވެރިންނަށް ރައީސް މައުމޫނު މާފުދެއްވުން:
“ޤައުމީއެއްބައި ވަންތަކަމަކީ، ޤައުމީ ވަޙްދަތަކީ، ޤައުމީ އެކުވެރިކަމަކީ، މިދަނޑިވަޅުގައި މިލޮބުވެތި ޤައުމުގެ ނިދާއެވެ. މިމަރިވެރި ރޫޙު މުޖްތަމަޢުގައި ދިރުވައި އާލާކުރުމަށް އަޅުގަނޑު މިހުރީ ތައްޔާރަށެވެ. މީގެރަމްޒެއްގެ ގޮތުން، އޯގަސްޓް 12-13 ގެޙާދިޘާއާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ދައުލަތާއިދިކޮޅު ޢަމަލުކުރިކަމުގެ ދަޢުވާއާއި ޣައިރުޤާނޫނީ އެއްވުމަކާގުޅޭ ދަޢުވާތައް އަނބުރާ ގެނައުމަށާއި އެޙާދިޘާއާގުޅޭ ގޮތުން މިފަދަ ޢަމަލުތަކުގެ އިތުރު ދަޢުވާތައް ނުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފި ވާހަކަ މިފުރުޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވަމެވެ.”
އާދެ! ކަޅުހުކުރުގެ ޙާދިޘާއާ ގުޅިގެން ބަންދުކުރެވުނު މީހުންގެ ދަޢުވާތައް ސަރުކާރުން ދޫކޮށްލެއްވި ކަމުގެ ރަސްމީ ސިޓީތައް، ބަންޑާރަ ނައިބު އޮފީހުން، 15 މާރޗް 2007 ގައި އެފަރާތްތަކަށް ފޮނުއްވިއެވެ. މިކަންތައް މުޅިން ނިމިއްޖެ ކަމުގައި ހިތުގެއަޑިން، އަޅުގަނޑު ގަބޫލުކުރީ މިސިޓީ އަޅުގަނޑުއަތަށް ލިބުމުންނެވެ. މިސިޓީ މިހާރުވެސް އަޅުގަނޑު އަތުގައި ރައްކާކޮށްފައި އެބައޮތެވެ. އެސިޓީގައިވަނީ މިފަދައިންނެވެ.
ބިސްމިއްލާހިއް ރަޙްމާނިއް ރަޙީމް. ދައުލަތުގެ ނިޝާން.
އެޓަރނީ ޖެނެރަލްގެ އޮފީސް. މާލެ. ދިވެހިރާއްޖެ. ނަމްބަރު: 23/ 2007/ އެމް އައި އެސް/ އޭ 32
އައްލާޟިލް އިލްޔާސް ޙުސައިން އިބްރާހީމަށް. ވެދުން ސަލާމަށް ފަހު، ދަންނަވަމެވެ.
2004 ވަނަ އަހަރު އޯގަސްޓް މަހުގެ، 12-13 ގެ ޙާދިޘާއާ ގުޅިގެން، ދައުލަތުން ހުށަހަޅާފައިވާ ދައުލަތާ އިދިކޮޅު ދަޢުވާއާއި، ޣައިރުޤާނޫނީ އެއްވުމަކާ ގުޅޭ ދަޢުވާތައް އަނބުރާ ގެނައުމަށާއި އެޙާދިޘާއާ ގުޅޭގޮތުން، މިފަދަ ޢަމަލުތަކުގެ އިތުރު ދަޢުވާ ނުކުރުމަށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، 31 ޑިސެމްބަރ 2004 ވަނަ ދުވަހު ރައިސުލް ޖުމްހޫރިއްޔާ އެންގެވުމާ ގުޅިގެން، އޯގަސްޓްނަހުގެ، 12-13 އިގެ ޙާދިޘާއާ ގުޅިގެން މިއޮފީހުގެ ނަމްބަރު، 659/ ޖކ/ 2004/ 1659 (27 އޮކްޓޯބަރ 2004) ދަޢުވާ ހުށަހަޅާފޯމުން، އިލްޔާސް ޙުސައިން އިބްރާހީމްގެ މައްޗަށް ޖިނާއީކޯޓަށް ހުށަހަޅާފައިވާ ޣައިރުޤާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށުގެދަޢުވާ، 06 ޖަނަވަރީ 2005 ގައި މިއޮފީހުން އަނބުރާ ގެނެސްފައިވާ ކަމަށާއި ދައުލަތުގެ ފަރާތުން އެދަޢުވާ، އިތުރަށް ކުރިއަށް ނުގެންދާނެ ކަމާއި އަދި، 2004 ވަނަ އަހަރުގެ އޯގަސްޓްމަހުގެ، 12-13 އިގެ ޙާދިޘާއާ ގުޅޭގޮތުން ދައުލަތާ އިދިކޮޅު ޢަމަލާއި ޣައިރުޤާނޫނީ އެއްވުމަކާ ގުޅޭ ޢަމަލުތަކުގެ އިތުރު ދަޢުވާ ނުކުރުމަށް ދައުލަތުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
25 ޞަފަރު 1428ހ. 15 މާރޗް 2007މ.
ޚާދިމުކުމް. ސޮއި: ޙަސަން ސަޢީދު އެޓަރނީ ޖެނެރަލް.
މ.ޖަވާހިރުވާދީ، މާލެ. ދިވެހިރާއްޖެ.
މިހާދިސާއައި ގުޅޭ އަޅުގަނޑުގެ ބައެއް ލިޔުންތައް:
އާދެ! ދެން މިގެނެސްދެނީ އެކިފަހަރުމަތީން ކަޅުހުކުރާ ގުޅޭގޮތުން އަޅުގަނޑު ލިޔެފައިހުރި ލިޔުންތަކެވެ. ފުތަރަމަ ގެނެސްދޭނީ ޖަލުގައި ހުރެގެން ތައްޔާރުކޮށް އިނގިރޭސި ވިލާތަށް ފޮނުވި އަޅުގަނޑުގެ އިންޓަރވިއޫއެވެ. މިވާހަކަތައް މިގޮތަށް ސައްޕެގެ ދިވެހި އޮބްޒާވަރ ސައިޓުގައާއި އޮސްޓްރޭލިޔާއިން ނެރެމުން ގެންދިޔަ، ދިވެހި ކަލްޗަރ ޑޮޓްކޮމް ސައިޓުގައި ދިވެހިބަހުންނާއި އިނގިރޭސިބަހުން ޝާއިޢުކޮށްފައި ވެއެވެ. އަދި މިއިންޓަރވިއޫގައި ކަޅުހުކުރުގެ ބަންދުގައި ހުރެފައި މާލެއަށް، ގޭބަންދަށް ގެނައިދުވަހު ތޮށިގަނޑުމަތިން ނަގާފައިވާ ފޮޓޯއެއް ޝާއިޢުކޮށްފައި ވެއެވެ.
ޑީއޯ ޚާއްޞަ އިންޓަރވިއު، 26 ނޮވެމްބަރ 2004 :
ދިވެހިރާއްޖެއަށް ބޮޑު ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް ގެނެސް، ސިޔާސީ ނިޒާމް އިސްލާހުކޮށް ރިފޯމް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ދުނިޔޭގެ އެތަންމިތަނުން ތާއީދުކޮށް ސަޕޯޓުކުރާ ފަރާތްތަކަށް، ރާއްޖޭގެ ރިފޯމިސްޓެއް ކަމުގައިވާ އައްޝައިޚް އިލްޔާސް ޙުސައިން އިބްރާހީމް، މ.ޖަވާހިރުވާދީ (ޖަވާހިރުވާދީ އިލްޔާސް) ދެއްވިޚާއްޞަ އިންޓަރވިއު!
މިއިންޓަރވިއު ހޯދިފައި މިވަނީ، ވަރަށް ސިއްރުންނެވެ. އިލްޔާސް ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. މިމަސައްކަތްކުރި ފަރާތްވަނީ، ސަލާމަތަށްޓަކައި ސިއްރު ކުރެވިފައެވެ. މިއިންޓަރވިއު އެކުލަވާލުމުގައި އެހީތެރި ވެދީފައިވަނީ، އިލްޔާސާއެކު، އެކިއެކިޓީމުތައް ބައްދަލުކޮށް ދެއްކިވާހަކަތައް ނޯޓުކޮށް ލިޔެހެއްދެވި ސިފައިންނާއި ފުލުހުންގެ ތެރެއިން ބައެއް ފަރާތްތަކެވެ. އަދި އިލްޔާސް އެކިފަހަރު މަތީން އެކިވަފުދުތަކާ ބައްދަލުކޮށް އިލްޔާސް ދެއްކެވި ވާހަކަތަކުންނާއި ޢާއިލީ ބައްދަލު ވުންތަކުން ލިބިފައިވާ މަޢުލޫމާތުގެ މައްޗަށެވެ. އަދި އިލްޔާސް ގޭބަންދަށް ބަދަލުކުރުމުން އޭނާނޯޓުކޮށް، ލިޔުއްވައިދެއްވި ލިޔުންތައް ހުރިގޮތަށް ހުށަހަޅާއި ދީފައިވާނެއެވެ.
ސުވާލު: އިލްޔާސްގެ ކުޑަތަޢާރުފެއް ދެއްވަފާނަން ތޯއެވެ؟
ޖަވާބު: 1983 ވަނަ އަހަރު ގްރެޖްއޭޓް ވުމަށްފަހު، 1984 ގެފަހުކޮޅު ރާއްޖެއައިސް މިއަދާ ހަމައަށް ވެސް، ރާއްޖެއަށް ބޮޑު ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތައް، އެކަމުގެ އެންމެފުރިހަމަ ގޮތުގައި ރާއްޖެއަށް ތަޢާރުފްކޮށް، ރާއްޖޭގެ ސިޔާސީ ނިޒާމަށް، މިރޮންގުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް، ރާއްޖޭގައި މީހުންދިރިއުޅޭ ހުރިހާރަށަކަށް އެކިފަހަރު މަތީން ކުރެވިފައިވާ ދަތުރުތަކުގައި މަސައްކަތްތަކެއް ކުރެވިފައި ވާނެއެވެ.
މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ރައްޓެހިން ނުތިބޭނެ އެއްވެސްރަށެއް ނޯންނާނެއޭ ދެންނެވި ދާނެއެވެ. ވެރިން ފެންވަރުން ފެށިގެން، އެންމެއާދައިގެ މީހުންނަކީވެސް ވަރަށް އެކުވެރިގާތް، ރައްޓެހީންނެވެ. ސިޔާސީ ވާހަކަތަކުން ފެށިގެން ހުރިހާވާހަކަ ތަކެއް އެއްވެސް ބިރެއް ޖެހިލުމެއްނެތި ދެކެވޭނެއެވެ. އެހެންވެ ހުރިހާއެންމެން ވެސް، އިލްޔާސަށް ވަރަށް ލޯބިވާނެއެވެ. ތާއީދުކުރާނެއެވެ. އަދި އެހީތެރިވާނެއެވެ.
ދިވެހިންނަކީ، އިސްލާހީ ވާހަކަތައް އަޑުއެހުމަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ކަށަވަރެވެ. 1984 ވަނަ އަހަރުން ފެށިގެން، އަޅުގަނޑު ޚިދުމަތް ކުރަމުން މިގެންދަނީ ދިވެހި ދައުލަތަށެވެ. 8 އޯގަސްޓް 2004 ވަނަ ދުވަހު، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން، އެމިނިސްޓްރީގެ ވަޒީރު، ޢަބްދުﷲ ޙަމީދު އަޅުގަނޑުދެކެ ކޯފާވެގެން، އެޓޮލްސްގައި މިހާރު އިލްޔާސް ކުރައްވާނެ އެއްވެސް މަސައްކަތެއް، މިނިސްޓްރީގެ އޮނިގަނޑު ރޭވިފައިވާ ގޮތުން މިހާރުނެތީމާ، އޭނާއަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނޯޓިސް ދެއްވުން، އެދި ލިޔުއްވުމުން ރައީސް އޮފީހުންވަނީ، އެޓޮލްސް މިނިސްޓަރުގެ އެދިވަޑައިގަތުމުގެ މަތިން، އިލްޔާސަށް ނޯޓިސް ދެއްވައި ފައިނޭސް މިނިސްޓްރީގައި ނޯޓިސް ދެވޭމީހުންނަށް އޮންނަ ޚާއްސަމަޤާމަކަށް ބަދަލުކޮށް ފައެވެ. އަދި ވަޒީފާއެއް އެހެންތާކުން ހޯދުމަށް ދެވުނުނޯޓިސް ދެވުނު ތިންމަސް ދުވަހު ބެހެއްޓީ ޖަލުގައެވެ. ބަންދުގައި ހުއްޓައި ތިންމަސް ހަމަވުމުން ވަޒީފާއިން ވަކިކުރީއެވެ.
އެހެނަސް، މިވީހާތައް ދުވަހު އެޓޮލްސް މިނިސްޓްރީގައި، އިލްޔާސް ކުރާނެ މަސައްކަތް ހުއްޓެވެ. ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖަލްސާބޭއްވި ދުވަހު، ޤާނޫނު އަސާސީގެ، 133 ވަނަ މާއްދާގެމާނަ ވިސްނުމުގައި އޮޅުންއަރައިގެން ކުރެވުނު ހޫނުގަދަ ބަހުސުގައި ޚިޔާލުތަފާތުވި ޚިޔާލުތަފާތު ވުމަކާގުޅިގެން، މިކަންތައް ޒާތީރުޅިވެރި ކަމަކަށާއި ޒާތީޙަސަދައަކަށް ބަދަލުވެ، އެކަމުގެ ބަދަލުހިފުމުގެ ގޮތުން އިލްޔާސް ވަޒީފާއިން ވަކިކުރެއްވީއެވެ.
ޤާނޫނު އަސާސީގެ މާއްދާތަކެއްގެ މާނަވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން، ޚާއްޞަމަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި، ވަގުތީ ރައީސެއްގެ ގޮތުން އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ ޙަމީދު ޚާއްޞަ މަޖިލީހުގެ ރައީސެއް ހޮވުމުގައި ހާމަވޯޓެއް ނަންގަވަންބުރަވެ އެޅުއްވި ފިޔަވަޅަކީ، ޤާނޫނު އަސާސީއާ ތަޢާރުޞުވާ ކަމެއްކަމަށް އަޅުގަނޑަށް ވިސްނިފައިވާތީ އެމައްސަލައިގެ ޤާނޫނީ ލަފައެއް ހޯދުމަށް ޝަރުޢީކޯޓަށް ވެއްދީ، އަބްދުﷲ ޙަމީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށްވާތީއެވެ.
އަދި ރައްޔިތުނެގެ ޚާއްޞަ މަޖިލީހުގެ ފުރަތަމަ ޖައްސާގައި ވަގުތީގޮތުން އިންނެވި ރައީސަށް ވާތީއެވެ. ހެންވޭރު މީނާޒު ޢަބްދުﷲ ޙަމީދާ ދެކޮޅަށް ކުރާދަޢުވާއެއްގެ ގޮތަކުނޫނެވެ. އެހެނަސް ހާމީދު މިކަމާކޯފާ އިސްކުރައްވައި އިލްޔާސް ސަރުކާރުން ކަނޑާލެއްވީ، މިކަމުގައި ޒާތީގޮތުން، ބަދަލުހިއްޕެވުމުގެ ގޮތުންނެވެ. ގާނޫނު އަސާސީގެ، 133 ވަނަ މާއްދާ ބުނަނީ ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ އިންތިޚާބު ތަކުގައި ވޯޓުނަގަންވާނީ ސިއްރުން ކަމަށެވެ. އެހެނަސް އެޖަލްސާގައި ޙަމީދު ވޯޓުނަންގަވަން އުޅުއްވީ ހާމަކަންބޮޑުކޮށް އަތްހިއްލައި ގެންނެވެ. ހޫނު ބަޙުސަކަށް މުޅިޖަލްސާ ދާންޖެހުނީ މިކަމާހެދިއެވެ.
ފާހަގަކުރަން ޖެހެނީ، ހެންވޭރު މީނާޒު އަބްދުﷲ ޙަމީދާއި އިލްޔާސާ ދޭތެރޭގައި އެއްވެސް ކަހަލަ ޒާތީމައްސަލައެއް ނެތްކަމެވެ. އިލްޔާސް ގަބޫލުކުރާ ގޮތުގައި އެއީ އޭނާގެ ވެރިޔާއެވެ. އަދި އުސްތާޒެކެވެ. ރުޅިވެރިކަމެއް ޒާތީއެއްވެސް މައްސަލައެއް އޮވެގެން ނުވާނެއެވެ. މިފަދަ ކަމަކާ ގުޅިގެން ޒާތީޙަސަދައެއް އަދި ރުޅިވެރިކަމެއް ބާއްވައިފިނަމަ، އެއީ އެމަނިކުފާނުގެ ނާޤާބިލްކަން ހާމަވެގެން ދިއުންކަން އެންމެންވެސް ގަބޫލުކުރާނެއެވެ. އިލްޔާސް ބުނުއްވާ ގޮތުން، އިލްޔާސްގެ ހިތްމުޅިން ތާހިރުވެފައި ސާފެވެ. ޙަމީދާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ.
އާދެ! ވެރިކަމުގެ ރެޖީމުން މިއަދާ ހަމައަށް އިލްޔާސް ފަސްފަހަރު ދޫނިދޫ ޖަލުގައި ކުޑަގޮޅީގައި ހައްޔަރުކޮށްފައި ވެއެވެ. މިފަސްފަހަރުގެ އިތުރުން، 1984 ވަނަ އަހަރު ކިޔަވާނިމިގެން މާލެއައިތަނާހެން މިނިސްޓްރީ އޮފް ޑިފެންސަށް ރޭގަނޑެއްގައި ހާޒިރުކޮށް، އަންބަރީ އަބްދުއްސައްތާރާއި އިސްތަފާ އިބްރާހީމް މަނިކު އިންނަވައިގެން، އިލްޔާސް ކިޔެވި ދުވަސްވަރު ކިޔަވާކުދިންގެ މަޖައްލާއެއް ކަމުގައިވާ “ޞައުތުލް އިސްލާމް” މަޖައްލާގައި ލިޔުއްވާފައިވާ މަޒްމޫނަކާ ގުޅޭގޮތުން ސުވާލުކުރައްވާއި އިންޒާރު ދެއްވާފައި ވެއެވެ. އިލްޔާސްގެ އެމަޒްމޫނު ތަކުގައި ރާއްޖޭގެ ސިޔާސަތާ ބެހިފައި ހުރިކަމަށް ވިދާލުވެއެވެ. އެފަހަރު ޖަލަށް ނުގެންގޮސް ބިރުދައްކާލާފައި އިންޒާރުކުރުމަށް ފަހު، ދޫކޮށްލީ މީގެފަހުން އެކަހަލަ މަޒްމޫނުތައް ލިޔުންމަނާކޮށް ފައެވެ.
އެކެއް- ފުރަތަމަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:
އޭރުގެ ޑިފެންސް މިނިސްޓަރ އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި އެފްޕީއައިޑީގެ އިސްވެރިއަކަށް ހުންނެވި، މާކުން އަބްދުއްސައްތާރާ ދެމެދު، ސައްތާރު (ސަޓޯ) ދޫނިދޫ ޖަލުގައި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްސަލާގައި ކުޑަގޮޅީގައި ބަންދުވެފައި ހުންނަވަނިކޮށް، ސިފައިންގެ ބޭކަލަކު މެދުވެރިވެގެން ގޮޅިއަށް ގެނެވުނު ކޯޑްލެސް ފޯނަކުން، މާލޭގައި ހުންނެވި އެންދެރިމާގޭ އިލްޔާސާ ދެކެވިފައިވާ ވާހަކަތައް ރެކޯޑް ކުރެވިފައިވާ ކެސެޓްޓޭޕް ރޯލެއް ގެންގުޅެ، އެރޯލްއަޑުއަހާއި މީހުންނަށްދީ ބަހާއި އަޑުއެހުމުގެ މައްސަލާގައި އިލްޔާސް ފުރަތަމަ ފަހަރު ޖަލަށް ލެވުނީއެވެ. މިކަމުގައި، 45 ދުވަހު ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބެހެއްޓުނެވެ.
އަދި އެއަށްފަހު، އެމައްސަލަ ޝަރުޢީކޯޓަށް ގެންގޮސް، 6 މަސްދުވަހުގެ ޙުކުމެއް ޖަލަށް އިއްވިއެވެ. މިޝަރީޢަތް ދިޔައީ ވަރަށް ހެއްވާކޮށެވެ. އަސްލުގައި ކުށްކުރިމީހާ ސަލާމަތުން ބަހައްޓާފައި އަޑުއެހިމީހުންނަށް ހޭއަރުވާލާ އުސޫލުންނެވެ. ޑިފެންސް މިނިސްޓަރަށް ހުންނަވައިގެން ޖަލުގެކުޑަ ގޮޅީގައި ބަންދުގައި ހުރިކުށްވެރި އަކާއެކު އޭނާބަންދު ކުރެވިފައިވާ މައްސަލައާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން ސުވާލުކޮށް ލުމެއްނެތިއެވެ.
އެރޯލްއަޑުއެހި އެތައްބަޔަކު ގެނެސް ޖަލުގައި ބަންދުކޮށް ޖަލަށްލުމަށް ޙުކުމްކުރީއެވެ. މިފެންނަނީ މިރެޖީމުގެ އިންސާފުހުރި ގޮތެވެ. މިވާހަކަތައް ޝަރީޢަތުގެ މަޖިލީހުގައި އިލްޔާސް އަޅުގަދަކޮށް ގޮވާފައި ވާނެއެވެ. އަސްލުގައި މިވީގޮތަކީ ގަސްގަނޑު ބަހައްޓާފައި ގޮފިތައް ކަނޑާލާއި ކުދިކުދިކޮށްލާއި ގަހުގެފަތްކޮޅު ދުއްވާލީއެވެ! މިއީ އިންސާފުކަމަށް ބެލެވޭނެ ތޯއެވެ؟
ދޭއް- ދެވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:
ދިވެހި ރާއްޖޭގައި މިހާތަނަށް ނެރެވުނު އެންމެ މަޝްހޫރުވި، އަދި އެންމެ މިނިވަން މަޖައްލާ ކަމުގައިވާ ސަންގު، ސަރުކާރުން އޭގެ ވަރަށް ޅައުމުރުގައި ބަންދު ކުރެއްވީމާ، “މަންތިރި” މިނަމުގައި ރާއްޖޭގައި އެންމެފުރަތަމަ ރަޖިސްޓަރީ ކުރެވުނު ސިޔާސީ މަޖައްލާގެ ގޮތުގައި ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރީކޮށްގެން މަންތިރި ނެރެންފެށީ އިލްޔާސެވެ. އިންފޮރމޭޝަން މިނިސްޓްރީގައި ޤާނޫނާއި ޤަވާޢިދައި އެއްގޮތް ވާގޮތުގެމަތިން ރަޖިސްޓަރީ ކުރުމަށް ނަގަންޖެހޭ ހުރިހާހުއްދަ ތަކަކާއެކު ލޭއައުޓް ހިފައިގެން މާލޭގައިހުރި ހުރިހާ މަޝްހޫރު ޕްރެސްތަކަށް ހިނގުމުން ވެސް ޗާޕްކޮށްދޭނެ މީހަކު ނުވިއެވެ.
މިކަން މިހެންވީ ޕްރެސްތަކުން މިރެޖީމުދެކެ ގަންނަބިރުންނެވެ. ސީޕްރިއާ ޕްރިންޓުން، މުޙައްމަދު ސަޢީދު ވިދާޅުވީ، ރަސްމީހުއްދަތައް ހުރިކަމުގައި ވިޔަސް މަންތިރި ޗާޕްކޮށްދޭން ނުކެރޭނެ ކަމަށެވެ. ނޮވެލްޓީ ޕްރެސްއިން ޢަލީޙުސައިން ދެގަނޑިއިރު ވަންދެން ދިގުބަހަނާ ވާހަކަތަކާއި ސިޔާސީ ބަހުސަކަށް ފަހު، ވިދާޅުވީ މަންތިރި ޗާޕްކޮށްދެއްވަން ކެރިވަޑައި ގަންނަވާނީ، މަންތިރި މިއޮތްގޮތަށް ޗާޕްކުރުމާމެދު އިޢުތިރާޟެއް ނެތްކަމަށާއި ޗާޕްކޮށްދީގެން އެއްވެސް މައްސަލައެއް ނުޖެހޭނެކަމުގެ ލިޔުމެއް ސަރުކާރުގެ ކަމާބެހޭފަރާތުން ގެނެސް ދިނުމުން ޗާޕްކޮށް ދެވިދާނެ ކަމަށެވެ.
މިފަދަ އިތުރުލިޔުމެއް ދޫކުރާނެ އެއްވެސް އޮފީހެއް އުޅެއުޅެވެސް ނުވިއެވެ. ދެން މަންތިރީގެ ލޭއައުޓް ހިފައިގެން ދާންޖެހުނީ، އަވަށްޓެރި ސްރީލަންކާއަށެވެ. ލަންކާއިން ވަރަށް ފަސޭހައިން ރަސްމީލިޔުންތައް ދައްކާލުމުން ޗާޕްވެއްޖެއެވެ. މަންތިރި ލަންކާއިން ޗާޕްކޮށްގެން ގެނައިތަނުން، ހުޅުލޭ އެއަރޕޯޓުން ހިފަހައްޓައި ހުރިހާ އަދަދުތަކެއް ސަރުކާރުން ކޮންފިސްކޭޓް ކުރީއެވެ. އެއަރޕޯޓަށް މަންތިރީގެ، 1000 (އެއްހާސް) ކޮޕީ އެމަޖައްލާގެނައި ފަރާތުން ހަވާލުކުރިއެވެ.
އެމަޖައްލާތައް ޗާޕްކޮށްގެން ސްރީލަންކާއިން މާލެއަށް ގެނައީ މަންތިރީގެ އެޑިޓަރ ގ.ތަލްވާރުގޭ އާދަމް ރަޝީދެވެ. މާލެ ގެނައި އެއްހާސް ކޮޕީގެ ތެރެއިން ޑިފެންސް މިނިސްޓްރީއަށް ލިބިފައިވާ ކަމަށް ރަސްމީކޮށް އެންގެވީ، 800 ވަރަކަށް ކޮޕީއެވެ. ކަސްޓަމުން ބައެއް އަދަދުތައް ޣައިބުވީއެވެ. މިކަމާ ގުޅިގެން މަންތިރިތައް މާލެގެނައި މަންތިރީގެ އެޑިޓަރ ގ.ތަލްވާރުގޭ އާދަމް ރަޝީދު އަޙްމަދާއި އިލްޔާސް ޙުސައިން އިބްރާހީމް ދޫނިދޫޖަލަށް ލެވުނީއެވެ. ދެވަނަ ފަހަރަށް އިލްޔާސް ޖަލަށް ލެވުނީ މަންތިރި މަޖައްލާގައި އިލްޔާސް ލިޔެފައިވާ މަޒްމޫނަކާ ގުޅިގެންނެވެ.
އިލްޔާސް ދަންވަރު ގޮޅިން ނެރެގެން ސުވާލުކުރަމުން ގެންދިޔައީ ވ.ޅަހުއްތެވެ. ކުރަމުންގެންދެވި ސުވާލަކީ، މަންތިރީގައި އިލްޔާސް ލިޔުއްވާފައިވާ، “3 ނޮވެމްބަރ 1988 ގެ ޢުދުވާނީ ޙަމަލާ މިއޮތްގޮތަށް ތާރީޚުގެ ތެރެއަށް ވެދެނިމި ދާނީތޯއެވެ؟” މިސުރުޚީގެ ދަށުގައި އިލްޔާސް ލިޔެފައިވާ އާޓިކަލާ ގުޅިގެން ވ.ޅަހުއްތު ވަރަށް ގިނަސުވާލުތައް އެކިގޮތްގޮތަށް ކުރެއްވިއެވެ.
މިއާޓިކަލްގައި އިލްޔާސް ލިޔުއްވާފައިވަނީ، އެމްވީ ޕްރޮގްރެސްލައިޓް ބައިނަލްއަޤްވާމީ ކަނޑުގައި އިންދައި އިންޑިއާސިފައިންގެ ހަނގުރާމަމަތީ ބޮޑުމަނަވަރެއް ކަމުގައިވާ އައިއެންއެސް ގޯދާވަރީން، ބޮޑުބަޑިޖަހާއި ފައްތާލީ، އަދި ހެލިކޮޕްޓަރުގައި ގޮސް ޕްރޮގުރެސް ލައިޓަށް ކުދިކުދި ބޮންތަކެއް ވިއްސާލައި، އަދި އެބޯޓުފައްތާލީ އިންޑިއާ މަނަވަރަށް، ދިވެހި ސިފައިންގެ އިސްމީހުން ގެންގޮސް މަނަވަރުގައި ބައިތިއްބައިގެން އެމީހުންގެ ހުއްދައާއި އަމުރުހޯދައިގެން ކަމަށް، ގޯދާވަރީ މަނަވަރުން އިލްޔާސާ ބައްދަލުކުރި މަނަވަރުގެ ފްލައިޓް އިންޖިނޭރަކު، އިސްލާމީ މަރްކަޒުގެ ލައިބްރަރީގައި އިނދެ، އިލްޔާސް ކައިރީގައި މިވާހަކަ ބުނެފައި ވާކަމަށް މަންތިރީގައި ލިޔެފައިވާތީއެވެ. މިއީ ސާބިތުނުހިފޭ ދޮގުވާހަކައެއް ކަމަށް ހަދާއި މިމައްސަލާގައި އިލްޔާސްގެ މައްޗަށް މިފަހަރު، 6 މަސް ދުވަހުގެ ޙުކުމެއް ޖަލަށްލުމަށް އިއްވިއެވެ.
ތިނެއް- ތިންވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:
ތިންވަނަ ބުރަކަށް ދޫނިދޫޖަލަށް ގެންދިޔައީ، 1990 ވަނަ އަހަރު މާލޭގައި ބޮޑު ޑިމޮކްރަސީއަށް ގޮވާލައި ހިންގި ހަރަކާތްތަކުގައި ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމްގެ ފަރާތުން، އައްބާސް އިބްރާހީމާއި ކާށިދޫ ޙުސައިން ފުޅު (ސިފައިންގެ އިސްވެރިއެއް) އިސްކޮށް ހުންނަވައިގެން މާލެތެރެއަށް ނެރުނު، ބިންބިފޯހުގެ އުނދަގޫތައް ބައެއްޒުވާން އިސްލާހީ ހަރަކާތްތެރީންނަށް ބޮޑުވެގެން، ސަލްޓަން ޕާކްތެރޭގައި އެއްވެސް މީހަކަށާއި ތަނަކަށް ގެއްލުންނުވާގޮތަށް ހަމައެކަނި، ގަދައަޑުފައްގަނޑެއް ހުރެފައި އަލިފާންކަނިތަކެއް މައްޗަށް އަރައިގެންގޮސް ހުލިވާގޮތަށް ގެއެއްގެ ތެރޭގައި ބަޔަކުއަމިއްލަ އަތުން، އެނބުރޭފަންކާއެއްގެ ޓައިމަރެއްލައިގެން ތައްޔާރުކުރި “ކަޓޫރަބޮމެއް” ގޮއްވާލި މައްސަލަ އެނގިހުރެ ނޭންގުމުގެ ތުހުމަތުގައެވެ.
މިކަޓޫރަބޮން، 1990 ވަނަ އަހަރު ފަހުކޮޅު ސަލްޓަންޕާކު ތެރޭގައި ގޮއްވާލިއިރު، އަޅުގަނޑުހުރީ ދޫނިދޫޖަލުގައި މަންތިރީގެ މައްސަލާގައި ކުޑަގޮޅީގައި ހައްޔަރުކޮށް ފައެވެ. އެހެނަސް މިކަމަކީ، އަޅުގަނޑާއި އަންނިއަށް އެނގިގެން ހިންގިކަމެއް ކަމަށް ތުހުމަތު ކޮށްފައި ޖަލުގައި ބޭތިއްބީއެވެ. މިބަންދުގައި ހައްޔަރުކޮށް ފައިހުރީ، 6 ފޫޓު، 3 ފޫޓުގެ ޓިނުގޮޅިއެއް ގައެވެ. މިގޮތަށް ހުރިހުރުމުގައި އެއްހުޅުބިޑި އަޅުވާއި ކީސްބިޑި އަޅުވާއި ޗޭނުބިޑި އަޅުވާއި މިހެންގޮސް ހުރިހާވައްތަރެއްގެ ބިޑީގެ އަޒާބުތައް ދެއްކިއެވެ.
އަދި އަނދަގޮނޑިއަށްލައި ޗޭނުން ބިރުގެންނެވުމަށް ފަހު، އިތުރު ސުވާލުތައް ކުރިއެވެ. ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ބައެއް މެމްބަރުންނާ ގުޅޭގޮތުން ސުވާލުކުރިއެވެ. ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކާއި ގޯގޯލަޠީފައި މިފަދަ އެހެން ސިޔާސީ ލީޑަރުންނާ ގުޅޭގޮތުން އިލްޔާސާ ސުވާލުކުރިއެވެ. ރައީސް މައުމޫނުގެ އިތުބާރުނެތްކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް، ޖަވާހިރުވާދީ ތެރޭގައި ވާހަކަދެކެވުނުތޯ އިލްޔާސާ ތަކުރާރުކޮށް ސުވާލުކުރިއެވެ.
އެންމެގަދަޔަށް ސުވާލުކުރީ، މަޖިލީހުގައި އިތުބާރުނެތް ކަމުގެވޯޓެއް ނެގުމަށް ޖަވާހިރުވާދީ ތެރޭގައި މެމްބަރުން ދެއްކެވި ތޯއެވެ؟ މަޖިލީހުގެ މެމްބަރުން ދެއްކެވި ވާހަކަތައް އިލްޔާސަށް އެނގޭނެއެވެ. ބުނެކިޔައި ދިނުމަށް އެދެމުން ގެންދިޔައެވެ. މިއަނިޔާގައި ބަރާބަރު، 45 ދުވަހު ތެޅުވުމަށް ފަހު، ކުޑަގޮޅީގައި ގެއަށްނުގެންގޮސް ބަހައްޓައިގެން، ޝަރުޢީކޯޓަށް ފޮނުވައި، 3 އަހަރު ދުވަހުގެ ޙުކުމެއް ޖަލަށް އިއްވީ، ސަލްޓަންޕާކުގައި ގޮއްވާލި ކަޓޫރަބޮމުގެ ކަންތައް އެނގިހުރެ ނާންގައި ސިއްރުކުރިކަމުގެ ކުށުގައި އަލަށް އެކުލަވާލި ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ. 18 މަސް ދުވަހު، ދޫނިދޫޖަލުގެ ކުޑަގޮޅިގައި އެކަހެރިކޮށް ބެހެއްޓުމަށް ފަހު، ކ.ހިންމަފުށީ، ގާމާދޫޖަލުގައި އަނެއް، 18 މަސްދުވަހު ބެހެއްޓުމަށް ފަހު، މިނިވަންކުރީ ގާތްގަނޑަކަށް ތިންއަހަރު ދުވަސް ކޮށްފައެވެ.
ހަތަރެއް- ހަތަރުވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:
ހަތަރުވަނަ ބުރަށް ދޫނިދޫޖަލަށް ގެންދިޔައީ އީވާން ނަސީމްގެ މަރާއި ޖަލުގައި ބަޑިޖަހާއި ބަޔަކު މެރުމުގެ ޙާދިޘާއާ ގުޅިގެން، 20 ސެޕްޓެމްބަރ 2003 ގައި މާލޭގައި ހިނގި ސިޔާސީ ކަންތައްގަނޑުގެ އިސްވެރިޔަކަށް އިލްޔާސް ހުރުމުގެ ތުހުމަތުކޮށްފައެވެ. އެދުވަހު މާލެތެރޭގައި ހިނގާދިޔަ ހުރިހާކަމެއްގެ މޭސްތިރިއަކީ އިލްޔާސް ކަމަށް ފުލުސް އޮފީހަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ.
ޖަލުގައި، 45 ދުވަހު ބެހެއްޓުމަށް ފަހު، ދޫކޮށްލީ ދެން އިތުރަށް ކުރާނެ ސުވާލެއްނެތްކަމާއި، މިހާތަނަށް ކުރަންހުރި ސުވާލުތައް ނިމުނީކަމަށް އަންގާސޮއި ކުރުވާފައެވެ. މިއީ އިލްޔާސްގެ މައްޗަށް ސާބިތުހިފޭ އެއްވެސްކަހަލަ ހެއްކެއްނެތި ސަރުކާރުން ރާވައިގެން ކޮށްފައިވާ ބޮޑު މާސިންގާދޮގު ތުހުމަތެކެވެ. މާލޭގައި ހަމަނުޖެހުން ހިނގާދިޔަ ދުވަހު، އެޙާދިޘާތައް ހިނގިއިރު އިލްޔާސް ހުރީ، ހުޅުމާލޭގައެވެ. މިކަން ދަންނާނެ ބައިވަރު ހެކިންވެސް ތިއްބެވިއެވެ.
ފަހެއް- ފަސްވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން:
ފަސްވަނަ ފަހަރަށް ދޫނިދޫޖަލުގެ ކުޑަގޮޅީގައި، އިލްޔާސް ހައްޔަރުކުރީ، 12-13 އޯގަސްޓް 2004 ގައި ޖުމްހޫރީ މައިދާނުގައި ރައްޔިތުންގެ ބަޔަކު ހިންގި މަދަނީ ބަސްނޭހުމުގެ ޙާދިޘާއާ ގުޅިގެންނެވެ. މިއީ ރާއްޖެދުށް މަޝްހޫރު، “ކަޅުހުކުރު” ގެޙާދިޘާގެ ކަންތައްގަނޑެވެ. މިއީ ރާއްޖޭގެ ތާރީޚުން ދުވަހަކުވެސް ފޮހެވޭނެ ސިޔާސީ ހަރަކާތެއް ނޫނެވެ. 13 އޯގަސްޓް ވީހުކުރު ދުވަހު، އިލްޔާސްގެ އަމިއްލަގެ ކަމުގައިވާ ޖަވާހިރުވާދީން ނެރެގެން، ގެންދިޔަގޮތަށް ގެންދިޔައީ ދޫނިދޫ ޖަލުގެ ކުޑަގޮޅިއަށެވެ.
ޖަލުގެ ކުޑަގޮޅިން ގެއަށް ބަދަލުކުރީ، 9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަހު ހަވީރުވަގުތު ގައެވެ. އެދުވަހަކީ ކުޑަގޮޅީގައި، 89 ވަނަ ދުވަހު ބެހެއްޓުމަށް ފަހު، ގޭބަންދަށް ގެނައިގޮތަށް މިނޯޓުތައް ލިޔެގޭގައި ހުރެގެން ބޭރުކުރިގޮތަށް އަދިވެސް އިލްޔާސް އެހުންނަނީ، ގޭބަންދުގައެވެ. 1 ނޮވެމްބަރު 2004 ގައި، އިލްޔާސްގެ މައްސަލަ ޝަރުޢީކޯޓަށް ހުޅަހެޅުމަށް ރަސްމީކޮށް އިޢުލާނުކުރެއްވިއެވެ.
އިލްޔާސް ބަންދުކުރެވުނީ، ޤަނޫނު ނަމްބަރު: 68/4 (ޢާއްމު ޤާނޫނުތަކެއް) ގެ، 6 ވަނަ މާއްދާއާއި “ހައްޔަރު ކުރެވިދާނެ ބާވަތުގެކުށާއި ހައްޔަރު ނުކުރެވޭނެ ބާވަތުގެ ކުށުގެ ޤަވާޢިދު” ގެޖަދުވަލު، 1 ގެ 2 ވަނަ މާއްދާގެ ދަށުންނެވެ. އިލްޔާސްގެ ތަޙްޤީޤުނިމި، ރާއްޖޭގެ އިދާރީ އާދަކާދައިގެ މަތިން ބަޔާނުގެ، 4 ކޮޕީގައި ސޮއިީކޮށް ނިމުނީ، 6 އޮކްޓޯބަރ 2004 ވަނަ ދުވަހުއެވެ.
މިހާހިސާބުން މިވަނީ ރަސްމީ ސިފައެއްގައި ތަޙްޤީޤު ނިމިފައެވެ. އެހެނަސް އަދިވެސް ދޫކޮށްނުލައްވައި އިލްޔާސްވަނީ ބަންދުގައި ޤާނޫނާޤަވާޢިދާ ޚިލާފަށް ބަހައްޓާފައެވެ. މިއީ މިރެޖީމުގެ އިންސާފުހުރި މިންވަރެވެ. ޚާއްޞަމަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް ދިނުމުން މަޙްރޫމް ކޮށްފައި ވަނީވެސް ޤާނޫނާއި ޤަވަޢިދާ ޚިލާފަށެވެ. މިކަންތަކުގެ ޒިންމާ މިރެޖީމުން ކޮންމެވެސް މީހަކު އުފުލަން ޖެހޭނެކަން ކަށަވަރެވެ.
ސުވާލު: 13 އޯގަސްޓް 2004 ދުވަހު ކަޅުހުކުރުގެ ހަރަކާތުގައި އިލްޔާސް ބަންދުކުރީ، ކީއްވެ، ކިހިނެތް، އަދި ކޮންތާކުން ތޯއެވެ؟
ޖަވާބު: 13 އޯގަސްޓް 2004 ވީހުކުރު ދުވަހުގެރޭ، 7:30 ގައި ބީބީސީއިން އޭޝިޔާޓުޑޭ ބަލަން އިންދާ ސިފައިން އަޅުގަނޑު ބަލާ، ޖަވާހިރުވާދީއަށް އައިސްވަނެވެ. އެވަގުތަކީ، ބީބީސީން އަންނިގެ އިންޓަރވިއު ފެށިވަގުތެވެ. އަންނިގެ ވާހަކަތައް އަހާނުލެވި ދާންޖެހުނީމާ ވަރަށް ދެރަވިއެވެ. އަޅުގަނޑުއިނީ ޤާނޫނު އަސާސީން ހުރުމަތްތެރިކަން ލިބިގެންވާ، އަޅުގަނޑުގެ އަމިއްލަ ގޭގައި އަނބިމީހާއާއި ކުޑަދެ ކުދިންނާއެކު، ޓީވީބަލަން ސިޓިންގ ރޫމްގައެވެ. ސިފައިންގެ ފަސްބޭކަލުން ދުރުވެގެއަށް ވަދެ، އިލްޔާސް ކޮބާހޭ ސިފައިންގެއަށް ދުރުވަންވީއޭ ބުނުއްވުމުން، އަޅުގަނޑު އަވަހަށް ތައްޔާރު ވެލައިގެން، އަތުގައިއޮތް މޯބައިލްފޯނާއި ފައިސާޖީބު ދަބަސް އަންހެނުންއަތަށް ދީފައި ވަރުގަދައަށް ސަލާމްގަލާމް ކުރުމަށް ފަހު، އެމީހުންނާއެކު މަގުމައްޗަށް ނުކުތުމަށް ހިނގައިގަތީއެވެ.
މަގުމައްޗަށް ނުކުތްއިރު ސިފައިންގެ ޖީޕެއް ތައްޔާރަށް ޖަވާހިރުވާދީ ކުރިމަތީގައި ބާއްވާފައި އޮތެވެ. މިޖީޕަށް އަރުއްވާށޭ ބުނުމުން، އަޅުގަނޑު އެއަށް އެރީމެވެ. ދެން ގެންގޮސްބޭލީ ސިފައިންގެ މައިމަރުކަޒު ކަމުގައިވާ ބަނޑޭރިގޭގެ ކުރިމައްޗަށެވެ. އޭރު މުޅި އެހިސާބުގައި އޮތީ، މުގުރު ހިފައިގެންތިބި ސިފައިންގެ މީހުންނައިގެން ފުރިބާރު ވެފައެވެ. ޖީޕުގެދޮރު ހުޅުވާލައި އަޅުގަނޑު ބޭލުމަށްފަހު، ލޮލުގައިހުރި އައިނުނަގާ ޖީބަށްލާށޭބުނެ، ދެމީހުން އަޅުގަނޑުގެ ގައިގައި ހިފާއްޓައި ވަރަށް ބާރަށް ކަޅުފޮތިގަނޑަކުން ކަނުބަނދެފިއެވެ.
ދެން ދެމީހުން ދެފަރާތން ހިފައި އަޅުގަނޑުގެ ދެއަތް ފުރަގަހަށް ގެންގޮސް އެއްކޮށް ލުމަށްފަހު، ޕްލާސްޓިކް ސްޓިރިޕް (ކޭބަލް ޓައި) އަކުން ބަނުމަށް އަތުގައި އަޅުވައިފިއެވެ. މިއީ ހަނގުރާމަ މަތީގައި ކުށްވެރިންހިފާ ހައްޔަރު ކުރާއިރު ވަގުތީގޮތުން އަޅުވާ ވައްތަރުގެ އެއްޗެކެވެ. މިކަހަލަ މަދަނީ ޙާލަތެއްގައި ބޭނުންކުރުމަކީ، ބައިނަލްއަޤްވާމީ ގޮތުންމަނާ ކަމެކެވެ. ދެއަތާއެއްކޮށް އެޅުވުމަށްފަހު، އޭގެކޮޅު ލައްވަން އިންނަތަނަށް ކޮޅުވައްދާފައި އެކޮޅުގައި އޭނާގެއަތުން ހިފައި އަޅުގަނޑުގެ ދެއަތުގެ ބަރުދަނަށް ލުތްކެއްޖަހައި ވަރަށްވާން ކޮށްލިއެވެ. އެކްލިޕް އަތަށްބާރުވެ ވާންވެގެން ދިޔަވަގުތު ވަރަށް ތަދުވިއެވެ.
ހަމައެވަގުތުމެ، އަޅުގަނޑުގެ ކުރިމަތިން، ފޮޓޯއެއްނެގިކަން ފްލޭޝްއަލިން އަޅުގަނޑަށް އެނގުނެވެ. ކަނުބަނުމުގެ ކުރިންއޮތީ އަންހެން ފުލުހަކު ކެމެރާއެއް ހިފައިގެން ކުރިމަތީގައި ހުއްޓާ ފެނިފައެވެ. މިކަން ނިމުމުން ފުރަތަމަވެސް ދާންވީއޭ ހިނގާށޭ ކިޔާފައި ބުރަކަށީގައި އަޅާކޮށްޕާލިއެވެ. ދެން ހިންގަމުން ގެންދިޔައީ ތަޅަމުންނާއި ވިކަމުންނެވެ. ބުރަކަށީގައި ވަރަށްބާރަށް ވިކާހެދިއެވެ. މޭމަތީގައި ވެސް ބާރަށްވިކާ ހެދިއެވެ. އަދި ކުރިޔަށް ހިންގަމުން ގެންދިޔަވަގުތު ގެންދިޔައީ ދެފައިގައި ދަނގަޑުބޫޓުން ތަޅަމުންނެވެ.
އަދި މަލާމާތުގެ ރާގަށް ހަޑިހުތުރު އެއްޗެހި ގޮވިއެވެ. ސިފައިންގެ ސުލޫކާއި އަޚްލާޤާ ނުގުޅޭ ގޮތަށް އެތައްކަމެއް ކުރިއެވެ. މިހިރަބޮޑު މީހާތިހިރީ ކީއްވެފައިހޭ؟ މަޑުންނުހުރެ ދުއްވައި ގަންނާށޭ، ސިޔާސީ މީހާޔޯލައެވެ. އަބްދުﷲ ޙަމީދު އިސްތިޢުފާއަށް ގޮވާ، ނުހަދަނީ ކީއްވެހޭ؟ އދ.އަތޮޅުގެ މެމްބަރު މިހިރީ ފުށްގަނޑެއްހެނޭ އަޑުއިވޭވަރަށް ގޮވާހެދިއެވެ. އަދި މިޒާތުގެ ޖެއްސުމުގެ ބައިވަރު ބަސްތައް ތަކުރާރުކޮށް އިއްވަމުން ގެންދިޔައެވެ.
މިއީ ތަޅަމުން، ތަޅަމުން ގެންދިޔައިރު ކިޔަމުން ގެންދިޔަ އަންބާއެކެވެ. ކަނާއަތު ފައިގެ ކަކުލުގައި ހަންމަށައިގެން ގޮސް، މިހާރުވެސް ލަކުނުލާފައި ފާހަގަވާގޮތަށް ފެންނަން އެބަހުއްޓެވެ. އަދި ބަނޑޭރިގޭ އެތެރެވުމުން ދެއަތުގެ ގޮށްމުށުގެ ދަށްފަރާތުން ވަރަށްބާރަށް، ދެއަތުންމީހަކު ބުރަކަށީގައި ހެސްކިޔާފަޖަހައި ގަޅުވާލިއެވެ. އަދި ބާރަށް ހިންގާށޭ ބުނިއަޑު އިވުނެވެ. މިއެތިފަހަރު ނޭނގިހުއްޓާ އެރުމުން، އަޅުގަނޑު ގޮސްޖެހުނީ ފާރެއްގެ ދާރައެއްގައެވެ.
ޖެހުނުތަން ކަނާއަތުކޮނޑު ހުޅުގެތިރިން ބޮޑަށް މަށައިގެން ގޮސްފައިހުއްޓެވެ. އެލަކުނު އަދިވެސް ފެންނަން އެބަހުއްޓެވެ. ބަޑޭރިގޭ ތެރެއިން ގެންދިޔަ ހިސާބަކަށް ގެންދިޔައީ މިގޮތަށް ތަޅާއި ވިކާއި އަނިޔާ ކުރަމުންނެވެ. ބަނޑޭރިގޭ ތެރޭގެ ވަކިހިސާބަކުން އަޅުގަނޑަށް ސިފައިންގެ އޮފިސަރެއް ކމުގައިވާ ތުއްބީގޭ އިބްރާހީމް ދީދީގެ އަޑުއިވުމުން، އޭ! އިބްރާހީމް ދީދީއޭ! ބުނެ އަޅުގަނޑު ގޮވައި، އަޅުގަނޑުގެ އަތުގައި އަޅުވާފައި މީނދަކޭބަލް ކްލިޕް ދޫކޮށްލަދޭށޭ، މިއީ ބޮޑުކޭބަލް ގަނޑެއްނޫނޭ، މިއީ މަހާއިލެއިން ހެދިފައިވާ މަގޭދެއަތޭ، އިންސާނެއްގެ ދެއަތޭ، މިއީ ކައްޓައި މަހާއި ލެއޭބުނެ މިހާރު މިހުރީ ނޫފައިގެންފައޭ، އައްސިވެފައޭ ބުނީމާ އޭނާ، ދޫކޮއްލަދޭށޭ ބުނުއްވިއަޑު އިވުނެވެ.
އެހެނަސް އަޅުގަނޑު ހިފަހައްޓައިގެން ތިބިބޭކަލުން އެކަމެއް ނުކުރިއެވެ. މިގޮތަށް ތިންފަހަރު ތަކުރާރުކޮށް އިބްރާހީމް ދީދީއާ ދިމާލަށް އެހެންބުނެ، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ތިޔަބޭފުޅުން ހަދަނީ މިހިންހޭ ކިޔާފައި ވަރަށް ބާރަށް އިތުރަށް އެއްޗެހިތައް ކިޔަންފެށުމުން، ހަމަމިހާރު ތިޔަކުލިޕް ދޫކޮށްލަދޭށޭ ތިޔައީ މެމްބަރެކޭ އިބްރާހީމް ދީދީ ބުނުއްވިއަޑު އެހީމެވެ.
އަދި ކަނުމޮހެލާއި އަތްމުހެލާއި އޭނާ މައްޗަށް ގެންގޮސް ބައިންދާށޭ އޭނާއަކީ، މަޖިލީހުގެ މެމްބަރެކޭ އިބްރާހީމް ދީދީ ތަކުރާރުކޮށް ބުނުއްވި އަޑުއެހީމެވެ. މިއޮފިސަރަކީ އިބްރާހީމްދީދީކަން އަޅުގަނޑަށް އެނގުނީ އެބޭފުޅާގެ އަޑުންއޭނާކަން އެނގުމުންނެވެ. އެމީހުންނަށް އިލްޔާސަކީ ޚާއްސަ މަޖިލީހުގެ މެމްބަރެއްކަން އެނގުނީ މިހާހިސާބުންނެވެ.
މިގޮތަށް ކަނުބަނދެފައި ހުރިހުރުމުގައި އަޅުގަނޑުގެ ކަނާތު މުލައްދަނޑީގައި ދެލިކާއްތާކަން އިހްސާސްކުރެވުނެވެ. ކަނުމޮހެލުމުން އެނގުނީ އޭރުއަތުގައި ބޮޑުއަކުރުން ލިޔުނީ، ހިސާބުއަކުރުގެ، 140 މިއަކުރުތައް ކަމެވެ. ވަރަށް ބޮޑުއަކުރުން ނޫކުލައިގެ ދެލިން، 140 ލިޔެފައި ފެންންހުއްޓެވެ. ފޮހެވުނީ ދެތިންދުވަސްވީ ފަހުންނެވެ. ދެން، އަބްދުއްރަޝީދު އޭކިޔާ އޮފިސަރަކު ބަނޑޭރިގޭ ސިޑިއާ ހަމައިން ދިމާވުމުން އަޅުގަނޑު ގެނައިކުދިން އޭނަޔާ އަޅުގަނޑު ހަވާލުކޮށްފައި ހިނގައްޖެއެވެ.
ދެން މީނާ އަޅުގަނޑު މައްޗަށް ގެންގޮސް އަތްގަނޑުލީ ބޮޑުގޮނޑިއެއްގައި ބޭންދީއެވެ. އޭރު އެތާމަތީގައި ޑޮކްޓަރ މުނައްވަރާއި ޤާސިމާއި އިބްރާހީމް ހުސައިން ޒަކީއާއި އިބުރާ، ބައިތިއްބާފައި ތިއްބެވެ. އަޅުގަނޑުމެން، 5 މީހުން ވަކިވަކިން އެތާތިއްބައި އެތަނަށް، ތ.އަތޮޅު މެމްބަރު ޑޮކްޓަރ ހުސައިން ރަޝީދާއި ބ.އަތޮޅު މެމްބަރު އަލީ ފާއިޒު ގެނައެވެ.
އާދެ! އަޅުގަނޑުގެ ކަނުމުހެލުމުން، ބަނޑޭރިގޭތެރޭގައި ތިބިމީހުންނަށް އަނިޔާކުރަމުން ގެންދިޔަ މަންޒަރު ފެނުނެވެ. ޢިރާޤު/އެމެރިކާ ހަނގުރާމާގައި ބަރިބަރިއަށް ކަނުބަނދެފައި މީހުން ބައިތިއްބާފައި ތިއްބާ، ޓިވީން ފެނުނުހެން، ބަނޑެރިގޭތެރޭގައި ބިންމަތީގައި ބަރިބަރިއަށް ކަނުބަނދެ ދެއަތާއި ދެފައިގައި ޕްލާސްޓިކް ސްޓްރިޕާއި ބިޑިއަޅުވާފައިތިބި ސަތޭކައަށް ވުރެގިނަ މީހުން، އެގޮތްމިގޮތަށް ތިއްބާފެނުނެވެ. އެއްބަޔަކުތިބީ، އެއްލާލައި އުކާލާފައެވެ.
ޖެހުނުގޮތަކަށް ޖެހުނުތަނެއްގައި ޖެހިފައި ގުޅައަކަށް ވެސް ތިއްބެވެ. އަނެއްބަޔަކުތިބީ ބިންމަތީގައި ބައިތިއްބާފައެވެ. ކޮންމެ ދެތިން މީހަކަށް ސިފައިންގެ ގާޑަކު ފެންނަން ހުއްޓެވެ. ރޯއަޑުފައްގަނޑު އިވުނެވެ. ލައިގެންހުރި ހެދުންވީދި ހެދުންލެއިން ތަތްތެޅިފައި ފެންނަން ތިބި މީހުން ތިއްބެވެ. އަދި އަޅުގަނޑުމެން ބަނޑޭރިގޭގެ މަތީގައި ތިބިއިރު، ތިރިންރޮއި ގަންނައަޑުއަޑާއި އަހަރެއް ސަލާމަތް ކުރާށޭ ގޮވާ ހަޅޭލަވާއަޑާއި ސިފައިން ހަޅޭލަވާއަޑު އިރުއިރުކޮޅާހެން އިވެމުން ދެއެވެ.
އަޅުގަނޑުމެން، 7 މީހުން ބަލަހައްޓަން މަތީގައިތިބި ގާޑުންތައް ކުޑަދޮރުތަކުން، އެމަންޒަރުބަލައި އަމިއްލައަކަށް އުފާލިބިގަންނަތަން ފެނުނެވެ. ދެން މެންދަމު، 3:30 އެހާކަންހާއިރު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ގެންގޮސް، މިބަންދު ކުރެވެނީ، އޯގަސްޓް 12-13 ވަނަ ދުވަހުގެ ޣައިރުޤާނޫނީ އެއްވުމަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ކަމަށް އެންގިއެވެ. މިއެންގުން އެންގެވީ އަބްދުﷲ ނަވާޒާއި އަލީ އަޙްމަދު އޭ ކިޔާދެ އޮފިސަރުންނެވެ.
ފަތިސް ނަމާދަށް ބަންގިގޮވިފަހުން ކޯސްޓުގާޑުގެ ގަލްފުކުރާފްޓް ބުރޭންޑްގެ ސްޕީޑު ލޯންޗެއްގައި ގެންދިޔައީ ދޫނިދޫޖަލަށެވެ. ތުނިތުނި މުންޑަކާއި ހުދުޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ދަތްއުނގުޅާ ބޭސްފޫޅިއަކާއި ސައިބޯންޏެއް ދީފައި އެތަކެތި ލިބުނުކަމަށް ސޮއިކުރުވާފައި އިނގިލީގެ ނިޝާން ނެގުމަށްފަހު، ގެންގޮސް ވެއްދީ، 17 ނަމްބަރު ކުޑަގޮޅިއަށެވެ. އޭރު އަދި އިރުނާރާނެއެވެ.
މިއިދާރީ ކަންތައްގަނޑު ޖަލުގައި ހިންގެވީ، ޖަލު ބެލެހެއްޓުމަށް ޖަލާއި ހަވާލުވެގެން ހުންނަވާ، ލޭޑީ އިބްރާހީމް މަނިކެވެ. މީނާއަކީ ދޫނިދޫ ޖަލުގެ ވެރިޔާއެވެ. އޭރު ދޫނިދޫގައި އެއްފަށުގެ އަބްދުﷲ އަބްދުއްރަހީމް އޭކިޔާ ސިފައިންގެ މީހެއްގެ ހަވާލުގައި ކަތިވަޅިޓްރޭނިންގ ހަދާފައިވާ، 15 ބޭކަލުންގެ ޓާސްކްފޯހެއް ސިފައިންގެ ފުލްކިޓަގައި ހަރަކާތްތެރި ވަމުން ގެންދިޔައެވެ. މިފޯހުގެ މަސައްކަތަކީ، ދޫނިދޫއަށް ގެނެސް ބަންދުކުރެވޭ މީހުން އުފުލުމާއި ގައިދީން މައިތިރި ކުރުމާއި ގައިދީންނަށް އަނިޔާކޮށް ތަޅާލާއި ހޭއެރުވުމެވެ.
ދޫނިދޫއަށް ގެނައިމަގު މަތީގައި ވަރަށްގިނަ ގައިދީންނަށް އަނިޔާކުރި ކަމަށް ކިޔައިދިން ބައިވަރު ގައިދީން ތިއްބެވެ. ގިރިފުށްޓަށް މާލެއިން ގެންދިޔަ މަގުމަތީގައައި، އަދި ގިރިފުށިން ދޫނިދޫއަށް ގެނައި މަގުމަތީގައި ލޯންޗުމަތީގައި އަނިޔާވެރިކަމުގެ ވަރަށް ގިނައަމަލުތައް އެކިއެކި ގައިދީންނަށް ކުރަމުން ގެންދިޔަކަމަށް އެމީހުންގެ ފަރާތުން ކިޔައިދީފައި ވެއެވެ. އަންހެން ކުދިންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީ ގޮތުން ގޯނާކޮށް އަނިޔާކޮށްފައި ވެއެވެ. މިކަންތައްތަކަކީ، އިންސާނީ ހައްގުތަކާބެހޭ އެކިއެކި ޖަމްއިއްޔާގެ ރިޕޯޓުތަކުން އޮޅުންފިލާނެ ތެދުހަގީގަތެކެވެ.
ސުވާލު: އިލްޔާސް މެން، ކިހާދުވަހަކު ކުޑަގޮޅީގައި ތިބެން ޖެހުނުތޯއެވެ؟
ޖަވާބު: 13 ވަނަ ދުވަހުގެރޭ ދޫނިދޫޖަލަށް ގެނައިގޮތަށް، 9 ނޮވެމްބަރ 2004 ދުވަހުގެ ހަވީރު، 5:00 ވަންދެން ބަހައްޓާފައިހުރީ ދޫނިދޫ ކުޑަގޮޅީގައި އެކަހެރިކޮށް ބަންދުކޮށްފައެވެ. 17 ނަމްބަރު ގޮޅީގައި އޮވެފައި، 26 ނަމްބަރު ގޮޅިއަށް ބަދަލުކުރީ، 11 ނޮވެމްބަރ 2004 ވީހޯމަ ދުވަހުއެވެ. އޭރު، 17 ނަމްބަރުގައި އޮންނަތާ، 60 ދުވަސް ވެއްޖެއެވެ. މިދުވަހަކީ ޖަލުން އަބްޖީއާއި ޒުހައިރާއާއި ދޮންބި (އެލީނާ އައްބާސް) އާއި ނައުބެއާއި މާނީލަޠީފާއި މަރިޔަމް މަނިކެމެން މާލެ ގެންދިޔަ ދުވަހެވެ.
މިގޮތަށް ގޮޅިތައް ބަދަލުކުރަނީ، އަޅުގަނޑުމެން ވެއްދުމާއެކުހެން ގޮޅިތައް މަރާމާތުކުރަން ފެއްޓުމާ ގުޅިގެންނެވެ. ފަހަރަކު ހައެއްކަގޮޅި މަރާމާތުކުރެއެވެ. ނިމުނީމާ އެބަޔަށް ގައިދީން ލާފައި އަނެއްބައި މަރާމާތުކުރަން ފަށަނީއެވެ. މިގޮތަށް މަސައްކަތްކޮށް ހުރިހާގޮޅިތަކެއް މަރާމާތުކޮށް ނިމެންދެން އެމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑު، 26 ނަމްބަރު ގޮޅިއަށް ބަދަލު ކުރިއިރުހުރީ އެގޮޅިއަށް އަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މަރާމާތުކޮށް ނިމިފައެވެ.
މިކުރާ މަރާމާތަކީ، ފާޚާނާގެދޮރު ނެގުމާއި ކޮންކްރީޓުން ކުޑަމޭޒަކާއި އިށީނުމަށްް ކުޑަވަރެއްގެ ތަނބުބުރިއެއް ހެދުމެވެ. އަދި ކޮންކްރީޓުން ކަބަޑެއް ދޮރުފަތް ނުހުންނަގޮތަށް ހެދުމާއި ނިދުމަށްް ގޮދަޑިބާއްވާނެ އަށްޓެއް، ކޮންމެ ގޮޅިއެއްގެ ބިއްދަށު ފަރާތުގައި ބިތާއިންވެގެން ހެދުމެވެ. މިކަންތައްތައް ގޮޅިތެރޭގައި ކޮންކްރީޓުން ކުރުމުން މުޅިގޮޅި ފުރުނީއެވެ. އަށްފޫޓު އަށްފޫޓު ގޮޅީގައި މިހުރިހާކަމެއް ކުރީމާގޮޅީގައި ނަމާދު ކޮށްލަން ކުނާއަޅާލާނެ ޖާގައެއް ނޯވެއެވެ. ކުނާއެއްކޮށް ފަތުރާލާނެ ތަނެއްނޯވެއެވެ.
ކަސްރަތު ކޮށްލާނެ ޖާގައެއް ވެސް ނެތުނީއެވެ. ކުރިންވެސް ވައިދައުރުވަނީ ވަރަށް ކުޑަކޮށެވެ. އަދި ގޮޅިގައި ވައިވައްދަން ހަދާފައިހުންނަ ދެތޭރިލީ ކުޑަގޮޅިވެސް ހުރީ، އަލަށްގެނައި މަރާމާތާ ގުޅިގެން އެސްލޯން ހިމަހޮޅިތަކެއް ޖަހައި، އެހޮޅިތަކުގައި ހުރިލޯވަޅުތަކުން އެވަންނާނެ ވައިކޮޅެއް ވަންނާނެގޮތަށް، ސިމެންތި ޖަހައިގެން އެހޮޅިބުރިތައް އެއާނގަވަޅުގައި ވަޅުލާފައެވެ. ކުރިން ވައިވައްދަންއިން ބާގަނޑު ހިމަލޯވަޅު ތަކަކަށް ބަދަލުވުމުން މިހާރު އެއްގޮތަކަށް ވެސް ވައިދައުރެއް ނުވެއެވެ. އެބާގަނޑުން ކުރިން ފެންނަމުންދިޔަ ގޮތަށް ބޭރުފެނުން ވެސް ހަނިވެގެން ދިޔައީއެވެ.
ބައެއްގޮޅި ތަކުގެ ފާޚާނާގައިހުރި ތޭރިލެއްވި ބާގަނޑުވެސް ހުރީ ވަރަށް ކުޑަކޮށްލާފައެވެ. މިހަދަނީ ހައްތާހާވެސް ގައިދީން ހާސްވެ، ސިއްހީގޮތުން ވޭނާއި އަނިޔާލިބޭހާ ގޮތްތަކެވެ. މިކަމާހެދި ނޭވާލާން އުނދަގޫވެ، އަވަސް އަވަހަށް ނޭވާލާންޖެހި، ނޭވާކުރުވާގޮތް ބައެއް ގައިދީންނަށް ދިމާވިއެވެ. އަދި ގޮޅިތައް މަރާމާތުކުރަމުން ގެންދާތީ އަޑުފައްގަނޑާއި ޕުޓީއަޅާފައި ގޭނުމުން އަރާކުޑިއާއި ހިރަފުހުން ވަރަށް އުނދަގުވެއެވެ. ނޭވާލާ ނިޒާމަށް ބަލިތައް ޖެހުނެވެ. ފުއްޕާމޭ ސަކަރާތްވިއެވެ.
ދޫނިދޫއަށް ވަޑައިގަންނަވާ އައިޖީއެމްއެޗްގެ ޑޮކްޓަރ ޝަކީލަށް މިޚަބަރުތައް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. އަޅުގަނޑު ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ހެލްތް މިނިސްޓްރީއަށް ޑޮކްޓަރ ޝަކީލްގެ ރިޕޯޓުތައް، ދޫނިދޫޖަލުގެ ގޮޅިތަކާ ގުޅޭގޮތުން ގެންދިއުމަކީ މުހިންމު ކަމެކެވެ. އެއީ ޑޮކްޓަރުންގެ ޒިންމާއެކެވެ. ޑޮކްޓަރ ޝަކީލް މިފަދަ ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅުއްވާނެ ކަމުގެ އުންމީދު ކުރަމެވެ. ގޮޅީގައި ދުވަސްގަނޑެއް، މިގޮތަށް ކަޑަތުވީފަހުން އެމްނެސްޓީ އިންޓަރނޭޝަނަލުން ޖަލަށް ޒިޔާރަތް ކުރެއްވި ބޭފުޅުން އަރިހުގައި މިމައްސަލަ ޖެއްސުމުން، ފޮތިން ހަދާފައިހުރި މާސްކުތަކެއް ގޮޅިތަކަށް ބަހާހެދިއެވެ.
އެމާސްކް އަޅައިގެން ތިބޭއިރުވެސް ކުނޑިއާއި ހިރަފުސް ބުރާލެއް ބޯކަމުން ބޮލާއި އަތްފައިގެ އިސްތަށިތައް ހުންނަނީ އިރުކޮޅެއް ވާއިރަށް ހިރަފުސް ކުނޑިން ހުދުވެފައެވެ. ގޮޅިތައް ބޭރުފަރާތުން ގާނައެވެ. އަދި ރެނދުތަކުގައި ޕުޓީ އެޅުމަށް ފަހު، ދެވަނަފަހަރަށް އަނެއްކާ ގާނައެވެ. މިގޭނުންތައް ގާނަން ގެންގުޅެނީ ގްރޭންޑަރެވެ. ސޭންޑަރ ބޭނުންކުރާ މަންޒަރު އެއްގޮތަކަށް ވެސް ނުފެނެއެވެ. އަދި ދަނގަޑުބުރި ކުރުމާއި ދޮރާއި ތޭރިތަކާއި ވެލްޑިންކުރުމުގެ ދުމާއި އައްޔާއި ކުނޑިން އުނދަގުވެއެވެ. މިއަޑުފަށްގަނޑު ރެއާއި ދުވާލު ކަނޑައިގެން ނުދެއެވެ. އިންތިހާއަށް ކުނޑިބުރައެވެ.
ބައެއްފަހަރު ނޭވާ ބަންދުވެގެން އަނބުރައި ގަތީމައި ބޭރަށް ނެރެފައި އަނެއްކާވެސް ވައްދަނީއެވެ. ޑޮކްޓަރ ޝަކީލު މިކަމަށް އެއްބަސް ވެލައްވާނެކަން ކަށަވަރެވެ. ހުރިހާ ގައިދީންވެސް އުޅުނީ މިކުނިގަނޑު ތެރޭގައާއި ގަދަފަދަ އަޑުފައްގަނޑު ތެރޭގައެވެ. އެންމެ ހެއްވާކަމަކީ، ގޮޅިތަކުގައި ކުލަލީގޮތުންނެވެ. އަދި އެލީކުލައާ ގުޅިގެންނެވެ. ބޭރަށް ރަނގަޅުކުލަލީ ގޮޅިތަކު އެތެރޭގައެވެ. ލޮލަށްފަސޭހަ ވެފައި ހިތްހަމަ ޖެހޭކުލަލީ ބޭރުގައެވެ. ގޮޅިތަކުހެ އެތެރޭގައި ލާފައިހުރީ ގަދަފިޔާތޮށި އެންމެމޮޅު ކުލައެވެ. ބޭރުގައި ލާފައިހުރީ މަޑުފެހިކުލަ އަކަށްދާ ރީތިއަލި ކުލައެކެވެ.
ގަދަފިޔާތޮށި ކުލައަކީ، ސޯވިއެޓްޔޫނިނަންގެ ކޭޖީބީ މީހުންގެ އެންމެކުދި އަނިޔާވެރި އަޒާބުދައްކާ ގޮޅިތަކުގައި ލާފައިހުންނަ ކުލައެވެ. އެމީހުންނަށް ގަބޫލުކުރެވެނީ މިކުލައަކީ އަބަދުފެންނަން ހުރުމުން ނަފްސާނީގޮތުން އުނދަގޫތަކެއްވެ ހިތްބަލިކޮށްލާނެ ކުލައެއްކަމަށެވެ. މިއީ ރަޝިޔާގެ ކުދިގޮޅިތަކާއި ބެހޭގޮތުން ކުރެވިފައިވާ ބައެއް ދިރާސާތަކުގައި ލިޔެވިފައިވާ ވާހަކައެކެވެ. ހީވާގޮތުގައި ދޫނިދޫގައި މިކަން މިގޮތަށް ކޮށްފައި މިހިރީ ޖެއްސުމަށް ހެނެވެ. އެއް ނަމްބަރު ޖަލުގައި ހުންނަ، 29 ގޮޅި މަރާމާތުކޮށް ނިމުނީ، 20 އޮކްޓޯބަރ ހާތާނގައެވެ.
ދެން، 2 ނަމްބަރުޖަލު ގައިތިބި ކަޅުހުކުރުގެ އެންމެންވެސް އެއްނަމްބަރު ޖަލަށް ގެނެސް އެއްމެން އެއްތަން ކޮށްފިއެވެ. މިމީހުންގެ ތެރޭގައި ތިބީ، ހުސްނުއް ސުޢޫދާއި މ.މެމްބަރު ސައްޕެއާއި މުހައްމަދު ފުޅާއި އައިސީއާއި އިޔާޒާއި ޒިޔާއްޓޭއާއި ޅޮހީގޭމާހިރާއި އަބުސީއާއި އަބުސީކޮއްކޮ އަންމަޑޭއާއި ފަލާޙުއާއި ޤާރީޢަބްދުﷲ އާއި ލ.އަތޮޅު ޝަކޫރާއި އަދި ރާއްޖޭގެ ވެރިކަމަށް ކުރިމަތި ލެއްވި ކެނޑިޑޭޓެއް ކަމުގައިވާ މއ.ތިނަދޫގޭ ނަޒީރު ޖަމާލެވެ.
އާދެ! 9 ނޮވެމްބަރ 2004 ގައި ގޭގެބަންދަށް ބަދަލުކުރަންދެން އިލްޔާސް ހުންނެވީ ކުޑަގޮޅީގައެވެ. ބޮޑެތި އަނިޔާގައެވެ. މިގޮޅިތަކުގައި، 24 ގަޑިއިރު ތަޅުލެވިގެން ހުރުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހަށިގަނޑަށް ލިބެމުންދާ އަނިޔާއަކީ ހިތަށާއި ސިކުނޑިއަށް މެދުކެނޑުމެއް ނެތި އަނިޔާވަމުންދާނެ ކަމެކެވެ. މިކަން އިހްސާސް ކޮށްލެވޭނީ މިގޮތަށް ކުޑަގޮޅިއެއްގައި ތަޅުލެވުމުންނެވެ.
އެނޫންގޮތަކަށް މިފަދަވޭނާއި އަސަރެއް ނޭނގޭނެއެވެ. ލިޔެފައިއޮންނަ ޢިބާރާތްތަކެއް ކިޔާލަން ލިބުނަސް އެކަމުގެ އަނިޔާގެ މިންގަނޑާއި މިންވަރު ވަޒަންކޮށް ކިރައެއް ނުލެވޭނެއެވެ. ބައެއް މީހުން ދުވަސްކޮޅަކަށް ފަހު، ސިކުނޑި ގޯސްވެގެން މޮޔަގޮވަން ފަށައެވެ. މިއަނިޔާތަށް ކުރުމުގެ ބޭނުމަކީވެސް ރަނގަޅަށް ހުންނަމީހާ މޮޔަކޮށްލާށެވެ. ނުވަތަ ކުޑަނަމަވެސް އުނިކަމެއް ސިކުނޑިއަށް އަންނަވަރު ކޮށްލާށެވެ.
ސުވާލު: ކުޑަގޮޅީގައި އިލްޔާސް ވަގުތުހޭދަކުރަނީ ކިހިނެތްތޯއެވެ؟
ޖަވާބު: އަޅުގަނޑަކީ ވަރަށް ސްޕިރިޗުއަލް މީހެއް، ތިޔޮލޮޖީން ޑިގްރީއެއް ހެދީމާވެސް ވާނީ އެހެންނެވެ. އަޅުގަނޑަކީ، ތިޔޮލޮޖީއާއި މަންޠިޤާއި ފަލްސަފާ ކިޔަވާފައިގެން ހުރިމީހެކެވެ. ރޫޙާނީގޮތުން ދުވަހުންދުވަހަށް ދިޔައީ ބާރުގަދަ ވަމުންނެވެ. ނިޔަތް ވަރުގަދަ ވަމުންނެވެ. ހިތްވަރު އާލާވަމުންނެވެ. ހަމައެއްގޮތަކަށް ވެސް ދެރަވެ މާޒީއަށް ވިސްނާއި ފިކުރުބޮޑުވެ ހިތާމަކޮށް ހަދާކަށް ނުޖެހެއެވެ.
18 އޮކްޓޯބަރ ގައި ނޫސް މަޖައްލާތަށް ލިބެންފަށަންދެން އެއްޗެއް ކިޔާލާއި ފިކުރު ދައުރުކުރާނެ އެއްޗަކަށް އޮތީ، ﷲގެ ފޮތްކަމުގައިވާ ޤުރްއާނެވެ. ފަރުޟާއި ސުންނަތް ހުރިހާނަމާދެއް ބަރާބަރަށް ވަގުތުން ވަގުތަށް ކުރުމާއި ޤުރްއާން ކިޔެވުމާއި ދުޢާކުރުން ފިޔަވައި އެހެންކަމެއް ނުކުރެވެއެވެ. އެއްވެސް މީހަކައި އަނގައިންބުނުން މުޅިން މަނަލެވެ. ގާޑުންނާވާހަކަ ދެއްކުމަކީ، ޢަމުދުން މަނާކަމެކެވެ. އަބަދުވެސް ވިސްނުމާއި ފިކުރުގެންގުޅެނީ މިސްތަޤްބަލަށް ކަމުން ހިތްވަރު އާލާވަމުން ދެއެވެ.
18 އޮކްޓޯބަރުން ފެށިގެން، ހަވީރު، މިއަދު، އާފަތިސް، ނިއުސްވީކް، ޓައިމްސް، ހުވާސް، ދަރުމަފަދަ މަޖައްލާތައް ބަރާބަރަށް ލިބެއެވެ. ނޫސްތައް ލިބެނީ ހަތްދުވަސް، ދިހަދުވަސް ވެފައިހުންނަ ނޫހެވެ. މަޖައްލާ ލިބޭފަހަރަކު އެހަފްތާއެއްގެ ތަޒާމަޖައްލާ ލިބެއެވެ. ގަލަމެއް، ފަންސޫރެއް، ކަރުދާހެއް، ނޯޓްފޮތެއް، ވާހަކަފޮތެއް، ރޭޑިޔޯއެއް ފޮނުވުމުގެ ހުއްދައެއް ނޯވެއެވެ. މިއީ ޖަލަށް ގެނައުންމަނާ ތަކެއްޗެވެ.
ސިކުނޑި ތާޒާކޮށް ހުއްޓަ ނުދިނުމަށެވެ. އެންމެމަޖާ ކަމަކީ، ދޭތެރެ ދޭތެރެއިން ގޮޅިތައް ރޭޑްކޮށްލާއިރެވެ. ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ރަސްމީކޮށް ދެރޭޑް ކުރުންއޮތެވެ. ހަށިގަނޑާއި އަނގަވެސް ބަލާޗެކްކުރިއެވެ. ގަލަމެއްގެ ރިފިލެއް ތުނޑެއް ޗިޕެއް އެއްޗެއް ފެނޭތޯއެވެ. ޑުރަގްހޯދާކަށް ނޫނެވެ. އަޅުގަނޑު މެންނަށް ކިޔަނީ ސިޔާސި ޕާޓޭންނެވެ. މިމީހުން ޝައްކުކުރީ ބޭރުގެ އެކިފަރާތްތަކަށް ކުޑަގޮޅީގައި ތިބެގެން ޚަބަރުދީ އަދި ފޮނުވައިދީ ހެދުމަށް މޯބައިލް ފޯންފަދަ ތަކެތި ފޮރުވައިގެން ގެންގުޅެނީ ކަމަށެވެ.
ބޭރުން އަޅުގަނޑު މެންނާ ބައްދަލުކުރި ވަފުދުތަކާ ބައްދަލުކޮށް ވާހަކަދެއްކިއިރު، ސިޔާސީގޮތުން ސަރުކާރަށް ގެންނަބަދަލު ތަކާއި މާލޭގެ ޚަބަރުތައް ހުންނަލެއް އަޕްޑޭޓްކަމުން، މިގޮތަށް ފުލުހުން ޝައްކު ކުރީއެވެ. ފުރަތަމަ ރޭޑްޖެއްސީ އެމެރިކާ އެމްބެސެޑަރުގެ ޑެޕިއުޓީ މިސްޓަރ ޖޭމްސްއާ ބައްދަކުރި ދުވަހުގެ އަނެއްދުވަހު ހެނދުނުގައެވެ. އަޅުގަނޑު މެންނަށް މާލޭގެ ޚަބަރުތައް އެގޮތްމިގޮތުން ބަރާބަރަށް ހޫނުކޮށް ހުއްޓާ ދަނީ ލިބެމުންނެވެ. ގިނަޚަބަރުތައް ލިބެނީ، ފުލުހުންނާއި ސިފައިންގެ އޮފިސަރުންގެ ފަރާތުންނެވެ. އަޅުގަނޑުމެން ފޯނުފަދަ އެއްޗިއްސެއް ނުގެންގުޅެމެވެ. އެއީ ދޮގުހީއެކެވެ.
ސުވާލު: ބޭރުގެ ކިތައް ވަފުދާ ބައްދަލުވި ތޯއެވެ؟
ޖަވާބު: މީގެކުރިން ހަތަރުފަހަރު ދޫނިދޫ ކުޑަގޮޅީގައި ހުރިއިރުވެސް ނުވާކަމެއް ތިއީ، އެހެނަސް މިފަހަރު ތަޙްޤީޤުޓީމު ބައްދަލު ކުރިވަރަށް ވުރެގިނައިން ބޭރުގެ އެކިއެކިވަފުދު ތަކުން ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އަޅުގަނޑުމެން ކަޅުހުކުރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުންނާ ވަކިވަކިން ބައްދަލުކުރިއެވެ. ހާލުއަހުވާލު އޮޅުންފިލުވާއި ފުރިހަމަ އެހީތެރިކަން ފޯރުކޮށް ދިނެވެ. ހިތްވަރު ދެއްވިއެވެ. މިއީ ވަރަށް އުފާވިކަމެކެވެ. ދުނިޔޭގެ އެތަންމިތާގައި އަޅާލާނެ ބަޔަކު ތިބީތީއެވެ.
ޚާއްސަކޮށް ދުނިޔޭގެ ސުޕަރޕަވަރ ކަމުގައިވާ ޔޫއެސްއޭގެ އެމްބެސަޑަރު މިގޮތަށް ކުށްވެރިންނައި ބައްދަލު ކުރެއްވުމަކީ، ކުޑަކަމެއް ނޫނެވެ. ފާހަގަ ކުރަންޖެހޭ ވަރަށް ބޮޑުކަމެކެވެ. ޖަލުގައި ހައްޔަރުގައި ތިބިމީހުންނަށް މަތީފެންވަރުގެ އިއްޒަތެކެވެ. ޑިމޮކުރަސީއާއި އިންސާނީ ޙައްޤަށް މަސައްކަތް ކުރި ރިފޯމިސްޓުން ތަކެއްކަން ސަރުކާރުން ގަބޫލުނުކުރިއަސް ދުނިޔެއިން ގަބޫލުކޮށް ބަލައި ގަތްކަމުގެ ހެއްކަކަށް މިކަން ފުދެއެވެ. ހަމަގައިމުވެސް ވެރިކަމުގެ ރެޖީމުން ބޭއިންސާފު ތަކެއް ބައެއްގެ މައްޗަށް ހިންގާފައިވާތީ ނޫންގޮތަކަށް މިފަދަ ވަރުގަދަ ވަފުދުތައް ދޫނިދޫޖަލަށް ކުޑަގޮޅިތަކަށް ޒިޔާރަތެއް ނުކުރެއްވީހެވެ.
ގައިދީންތަކަކާ ބައްދަލުކޮށް ވާހަކައެއް ނުދެއްކީހެވެ. މިއީ އަޅުގަނޑު މެންނަށް އެބޭފުޅުން ދެއްވި އުފުލިގެންވާ މަތިވެރި ޝަރަފެކެވެ. އަޅުގަނޑުމެން ރާއްޖޭގެ އިސްލާހަށް ކުރިމަސައްކަތް ބަލައިގަތް ކަމުގެ އަލިގަދަ ދަލީލެކެވެ. ފަހެ، ވިސްނާލަން ޖެހޭ، އަސްލުޕޮއިންޓަކީ މިއެވެ. އާދެ! އަޅުގަނޑުމެންގެ އިހްސާސްތަކާ މެދު، ވިސްނާނެ، ފިކުރުކުރާނެ، ބަހުސްކުރާނެ ބަޔަކު ތިބިކަން ކަށަވަރުވުމަކީ، ރާއްޖޭގެ ސިޔާސީ ނިޒާމަށް އަޅުގަނޑު މެންފަދަ ގައުމީ ފިކުރެއް ގެންގުޅޭ ސިޔާސީ މީހުންގެ ފަރާތުން ލިބުނު ފަޚުރުވެރި ކަމެކެވެ.
އަދި މިހާރަށް ވުރެވެސް ބޮޑަށް ސިޔާސީ ލީޑަރުންނާ ދޭތެރޭގައި އާންމުންގެ މެދުގައި އޮންނަވިސްނުން މާބޮޑަށް ރަނގަޅުވާން ވެއްޖެކަމުގެ އަލާމާތެކެވެ. ދަނެގަތުން މުހިންމީ، ގައުމުގައި ތިބޭ ސިޔާސީ ލީޑަރުންނަކީ ސަރުކާރާ ދެކޮޅުބައެއް ނޫނެވެ. ސަރުކާރު ހަމަމަގަށް އަޅުވާ ބައެއްކަމެވެ. އެމީހުންނަށް އަނިޔާކޮށް އެމީހުންގެ ވިސްނުމާއި ބުއްދިއަށް ގެންލުންދިނުމަކީ ގައުމަށާއި ދައުލަތަށް ގެއްލުންކޮށް އަނިޔާކުރުމެވެ. ވެރިކަމުގެ ނިޒާމު ރޭވިފައި އޮންނަންޖެހޭނީ ސަރުކާރުން މިފަދަކަމެއް ނުކުރެވޭނެ ގޮތަށެވެ. އިދިކޮޅު ފަރާތްތަކާއި މުސްތަގިއްލު ކޮމިޝަން ތަކާއި މުސްތަގިއްލު މުއައްސަސާ ތަކުން އެފަދަ ކަންތައް ހުއްޓުވެން ޖެހޭނެއެވެ. ތަހުޒީބު ޑިމޮކްރަސީއަކީ އެއީއެވެ.
އާދެ! 17 އޯގަސްޓް 2004 ވީއަންގާރަ ދުވަހު ފުރަތަމަ ޓީމު އަޅުގަނޑު މެންނާ ބައްދަލުކުރިއެވެ. މިޓީމުގައި ހިމެނުނީ، މިނިސްޓަރ އިސްމާޢީލް ޝަފީޢުއާއި މިނިސްޓަރ ޢަބްދުﷲ ކަމާލުއްދީނެވެ. މިއީ ރެޖީމުގެ ފަރާތުން ވަޑައިގެންނެވި ޕްރޮޕަގެންޑާ ޓީމެކެވެ. ރައީސް މައުމޫނު ފީޑުކޮށްފައި ފޮނުވީމާ ގައިދީންގެ ޙާލުބަލާލަން ވަޑައި ގެންނެވީކަމަށް ވިދާޅުވިއެވެ. ވަގުތުން އަޅުގަނޑު ދެންނެވީމެވެ. ކަނުބަނދެ، ހަތަރެސްފައިގާ ބިޑިއަޅުވައި ވަރުގަދައަށް ތަޅާލުމަށް ފަހު، ދެން ކޮންޙާލެއް ބައްލަވާކަށް ތޯއެވެ؟ ޙާލުބައްލަވާކަށް އެފަދަ ބަޔަކު ފޮނުއްވާކަށް ނުޖެހެއެވެ!
ފުރަތަމަ އަޅުގަނޑަށް މިކުރި އަނިޔާތައްކުރީ ކީއްވެގެންތޯ ބައްލަވައިދޭށެވެ. ޖަލެއްގެ ކުދިކޮޅި ތަކެއްގައިތިބޭ ރާމާމަކުނުތަކެއް ބައްލަވާލައްވައި އަތްޕުޅުން ހަނާއަޅުއްވާ ލައްވާފައި ވަޑައިގަންނަވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރި ވަޑައި ގަންނަވައިގެން ނުވާނެއެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. އިށީދެ ވަޑައިގަންނަވާށެވެ. މިގޮޅިބައްލަވާ ލެއްވޭނީ އޭރުންނެވެ. ގޮޅީގެ ހޫނުގަނޑު ވަޒަންކޮށް ލެއްވޭނީ އޭރުންނެވެ. ދެން ލޭޑީ އިބްރާހީމް މަނުކު އަޅުގަނޑުގެ ގޮޅިހުޅުވައި ދެއްވުމުން ޝަފީޢު އިށިނދެ ވަޑައިގަތީ އަޅުގަނޑު ނިދަންހުރި އެނދުގައެވެ.
ޢަބްދުﷲ ކަމާލުއްދީން، އިށީނދެ ވަޑައިގަތީ ކައިރީގައި ހުރި ގޮނޑީގައެވެ. މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެއް ކމުގައި ދަންނަވައި ވަރަށްގިނަ ވާހަކަތައް މިދެބޭފުޅުންނަށް ދެންނެވީމެވެ. ރަނގަޅަށް ދެބޭފުޅުން ވެސް އައްސަވާށެވެ! ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް އާދޭހޭ ނުދަންނަވާށެވެ. ގައުމު އިސްލާހުގެ މަގަށް ގެންގޮސް ދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަކޮށް ގެންގުޅުއްވާށެވެ. އަޅުގަނޑުމެން މިގޮތަށް ކެތްކޮށް މަރުވެ، ފަނާވެ ހިނގައިދާނަމެވެ.
މިހުރީ ޢިބްރަތް ލިބިގަންނަން ހުރި ފިލާވަޅުތަކެވެ. ކީއްވެތޯއެވެ؟ ގައުމެއްގެ ޤާނޫނުއަސާސީ ހަދަން ރައްޔިތުން ހޮވާފައިތިބި ބަޔަކަށް މިފަދަ އަނިޔާތައް ތިޔަދެއްވަނީއެވެ. ނިކަން ވިސްނާ ވަޑައިގަންނަވާށެވެ. މިކުރާ ތަހުގީގު، އަޅުގަނޑުމެން މިގޮތަށް އެކަހެރިކޮށް ކުޑަގޮޅީގައި ބަންދުކޮށް ކަނުބަނދެ ބިޑިއަޅުވައި އަނިޔާކޮށް ނުހައްދަވާ ވެސް ކުރެއްވޭނެއެވެ. އެއްގޮތަކަށް ވެސް ކަންތައް ތިޔަކުރައްވާގޮތް ކަމަކުނުދެއެވެ. ފުރަތަމަ ޖަލްސާގައި ޚިޔާލު ތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއް މާނަކޮށް ވިސްނުނު ގޮތާގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީ ރުޅިވެރިކަމަކަށް ވައްޓާލުމަށް ފަހު، އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ގެންދިޔަ ސަރުކާރުގެ ވަޒީފާއިންވެސް ކަނޑާލާފައެވެ.
މިވަގުތު އެޓޮލްސްގައި އަޅުގަނޑު ކުރާނެކަމެއް ނެތިގެންނޭ ވިދާޅުވެ، ރައީސް އޮފީހަށް ލިޔުއްވައި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވާފައެވެ. މިއީ އިންސާފު ތޯއެވެ؟ ވަރަށް ރަނގަޅަށް ޝަފީޢުއަށް އެނގިވަޑައި ގަންނަވާނެ އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތްތައް، ރާއްޖެތެރެއަށް ޝަފީޢު އަރިހުގައިވެސް ދަތުރު ކުރެވިފައި ހުންނާނެއެވެ. ހޯމް މިނިސްޓަރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ ޖުލައި، 26 ގެދުވަސް ވަރެއްގައި އޮންނަ މިންވަރު ރަނގަޅަށް ޝަފީޢުއަށް އެނގި ވަޑައި ގަންނަވާނެއެވެ.
އެޓޮލްސް މިނިސްޓަރ އެކުރެއްވި ކަންތަކަކީ، ގާނޫނާއިގަވާޢިދުގެ ދަށުންކުރެއްވި ކަމެއްތޯއެވެ؟ އަޅުގަނޑު ކޯޓަށް ވެއްދީ ގާނޫނު އަސާސީ ވިސްނުމުގައި ޚިޔާލު ތަފާތުވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި، ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިއާސަތުގައި އިންނެވި ވަގުތީ ރައީސްގެ މައްސަލައެވެ. އެއްގޮތަކަށް ވެސް، ހ.މީނާޒު ޢަބްދުﷲ ޙަމީދުގެ ޒާތީ މައްސަލައެއް ނޫނެވެ. ޢަބްދުﷲ ޙަމީދަށް އަޅުގަނޑުގެ އިޙްތިރާމް، ކުރިއެކޭވެސް އެއްގޮތަށް އޮންނާނެއެވެ. ނިކަން ވިދާޅުވެ ދެއްވަ ބައްލަވާށެވެ؟ ކަންތައްތައް މިދަނީހަމަ، 9 ޖޫންގައި އިސްލާމީ މަރްކަޒުގައި ރައީސް މައުމޫނު ވިދާޅުވެދެއްވި، އިސްލާހުތަކާ އެއްގޮތަށް ތޯއެވެ؟ ކޮސްމެޓިކްސް އަށް ނުހައްދަވާށެވެ.
ތަމްސީލް ކުޅުއްވަން ނުހައްދަވާށެވެ. ރަނގަޅުގޮތުގައި ރިފޯމަކަށް ވަޑައި ގަންނަވާށެވެ. އިސްލާހު ގެނެވޭނީ އޭރުންނެވެ. އިސްލާހުވާނީވެސް އޭރުންނެވެ. ރައީސް މައުމޫނަކީ، ކަލާނގެކަމަށް ނުބައްލަވާށެވެ. އެއީ ރައްޔިތުންގެ ޚާދިމެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ޙާލާމެދު، އިންސާނީ ވަންތަ ނަޒަރަކުން ބައްލަވާށެވެ. ދައުލަތާ ދެކޮޅު ބާޣީންނަށް ނުހައްދަވާށެވެ. ކަތިލަން ނުހައްދަވާށެވެ. މިގޮޅީގެ ހޫނުގަދަކަމުގެ ވާހަކަ ދެންނެވުމުން، އެނބުރޭ ފަންކާއެއް މެމްބަރުން ތިއްބަވާގޮޅިތަކަށް ލިބޭނެގޮތް ހަމަޖައްސައި ދެވޭތޯ ބައްލަވާނެކަމަށް ވިދާޅުވިއެވެ.
އަދިވެސް އަޅުގަނޑު މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، 100 ޕަސެންޓް ޓޯޗާގައި ކަމަށް ދެންނެވީމެވެ. މިކަމުގެ ޒިންމާއުފުލާނީ ކާކުތޯއެވެ؟ ތިޔަބޭފުޅުންނާ އެކު ފެންނަން މިތިބީ ގާޑުންތޯއެވެ؟ މިވާހަކަތައް ރައިސް މައުމޫނަށް، އަދި ކެބިނެޓަށް، މަޖިލިސްތަކަށް އިއްވަވައި ދެއްވުމަކީ، އަޅުގަނޑުގެ އިލްތިމާސެކެވެ. ދެންއޮތީ މިދެބޭފުޅުން، މާލެ ވަޑައިގެން، ޓީވީއެމްއާއި ރޭޑިއޯ މެދުވެރިކޮށް މުޅިރައްޔިތުންނާ މުޚާޠަބުކޮށް ދެއްކެވި ވާހަކަފުޅުތަކުގެ ބުރަދަން ބަލައިލުމެވެ. އެކަންތައްތިޔަ އިއްޒަތްތެރި ރައްޔިތުންނަށް އިންސާފުގެ ތިލަފަތުން ވަޒަންކޮށް ލެއްވޭނެއެވެ. އޭކޭއަކީ ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓެކެވެ. މިއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތެވެ.
23 އޯގަސްޓް 2004 ވީހޯމަ ދުވަހަކީ ކުޑަގޮޅީގައި އޮންނަތާ، 11 ވަނަ ދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަންގެ ވަފުދެއް ޖަލުތެރެއަށް ވަޑައިގެން ކުށްވެރިންނާ ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް އަޙްމަދު މުޖްތަބާއެވެ. ދެން އެކޮމިޝަނުގެ މެމްބަރު ވަޙީދުއްދީނެވެ. އަދިވެސް އަންހެން ދެބޭފުޅޫން ތިއްބެވިއެވެ. މިބޭފުޅުންގެ ޖަލުތެރޭގެ ހުރިހާހަރަކާތެއް ސިފައިނާއި ފުލުހުން، މޫވީކުރަމުން ގެންދިޔައެވެ. ކުށްވެރީންނާއި ބައްދަލުކޮށް ދެއްކިވާހަކަ ތަކާއެކުގައެވެ. އަޅުގަނޑުގެ ވާހަކަތައް ފެށީއްސެރެ ނިމެންދެން މޫވީކުރިއެވެ. ޑޮކްޓަރ ހަސަން ސަޢީދާއި ޑޮކްޓަރ ޝައުޤީއަށް ދައްކާލަން ކުރިކަމެކެވެ!
އަޅުގަނޑުގެ ގޮޅި، 17 ނަމްބަރާ ހަމަވުމުން، ދެންނެވީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތް ކޮށްލައްވާހެން ވޭވްކޮށް ލައްވާފައި ތިޔަހެން އެނބުރި ވަޑައި ނުގަންނަވާށެވެ. މިއީ ރާމާމަކުނުތަކެއް ނޫނެވެ. ޚާއްސަ މަޖިލީހަށް ރައްޔިތުން ހޮވާފައިތިބި އިއްޒަތްތެރީންނެވެ. ވިސްނުންހުރި ބުއްދި ލައްވާފައިވާ އިންސާނުންނެވެ. މިގޮޅިތެރެއަށް ވަންނަވާށެވެ. ދެން ސިފައިން ދޮރުހުޅުވުމުން، މުޖްތަބާއާއިޑީން ގޮޅިތެރެއަށް ވެންނެވިއެވެ. އެހެންބޭފުޅުން ތިއްބެވީ، ދޮރުމަތީގައި ކޮޅަށް ބޭރަށްވާގޮތަށެވެ. ތޭރިލީ ކުޑަދޮރުތެރެއިން މޫވީކުރުން ކުރިޔަށްދާ މަންޒަރު ފެނެއެވެ.
އާދެ! 13 އޯގަސްޓްވީ، ކަޅުހުކުރު ދުވަހު ގޭގައި މަޑުންއިންދައި ނެރެގެން ގެންގޮސް، ކަނުބަނދެ ހަތަރެސްފައިގައި ބިޑިއަޅުވާއި ފުށްޖައްސުވާއި ބޭސްކާންދީ، ކޮފީބޯންދީ ފިރުމާހެއްޖަސް، ޙާލުރަނގަޅެއް ނުވާނޭ ދެންނެވީމެވެ. މިގޮތަށް ތިއްބާކޮންމެ ބޭފުޅަކުވެސް ވަޑައިގެން ޙާލުތިޔަ އައްސަވަނީ، މަލާމާތް ކުރައްވަން ތޯއެވެ؟ އަޅުގަނޑު ރުޅިނާންނަކަމާމެދު، ޝުކުރު ކުރައްވާށެވެ! އިހަށްދުވަހަކު ދެވަޒީރަކު މިތަނަސް ވަޑައިގެންވެސް ދެއްކެވީ ތިޔަވާހަކައެވެ. ތިޔަގޮތަށް ޖެއްސުންކޮށް މަލާމާތް ނުކުރައްވާށެވެ! މިއީ ހަމަ ކޮސްމެޓިކްސްގެ ދަޅަދެއްކުން ތަކެވެ. އަސްލުގައި ރިފޯމް ގެންނަވަނީއެއް ނޫނެވެ.
އަޅުގަނޑު އަދިވެސް މިހުރީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑުވެގެންވާ އަނިޔާގައެވެ. ރައްޔިތުންގެ ޚައްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއް މާނަކުރުމުގައި ވިސްނޭގޮތާމެދު ޚިޔާލުތަފާތު ވުމާގުޅިގެން، މިހުރީ އަޅުގަނޑުގެ އެންމެބޮޑު ހައްގުންވެސް މަހްރޫމްކޮށް އުނިކޮށް ލައްވާފައެވެ. މިނިސްޓްރީ އޮފް އެޓޮލްސްއިން ރައީސް އޮފީހަށް ލިޔެގެން، އެއޮފީހުން މިމަހު، 8 ވަނަ ދުވަހު އަޅުގަނޑު މިހުރީ ނޯޓިސްދެއްވައި ވަޒީފާއިން ވެސް، ވަރަށްރީތިކޮށް ވަކިކޮށް ލައްވާފައެވެ. ހަމަމިއީ އިންސާނިއްޔަތު ތޯއެވެ؟ އިޖްތިމަޢީ ޢަދާލަތު ތޯއެވެ؟ ވިދާޅުވެ ބައްލަވާށެވެ. އިސްލާހު ކުރުމަކީ މިއީތޯއެވެ؟ ނުވަތަ މިއީ ޒާތީޙަސަދައެއް ފިލުވާލުން ތޯއެވެ؟ ނުވަތަ ވަގުތީ ފިލާވަޅަކަށް ޖައްބާރުން ކަންތައްތައް ކުރާހެން ހައްދަވަން ބޭނުންވަނީ ތޯއެވެ؟ ނޫނީ މިއީ ގާނޫނާއި ގަވައިދު ބުނާގޮތްތޯއެވެ؟
ނިކަން މުޖްތަބާއާއި ޑީން ވިދާޅުވެ ދެއްވަބައްލަވާށެވެ! ކަނުބަނދެފައި އަނިޔާކުރި މައްސަލައާއި ސަރުކާރުން އެޓޮލްސް މިނިސްޓަރުގެ ދެންނެވުމަށް، ނޯޓިސްދެއްވި މައްސަލަ، މުޖްތަބާމެން ތިޔަކޮމިޝަނުން ބައްލަވައި ދެއްވަން ޖެހޭނެއެވެ. ރަސްމީކޮށް މިހުށަހެޅީއެވެ. މިފަދަ ކަންތައް ނުބެލެވެންޏާ ތިޔަކޮމިޝަނަކީ، ރައީސް މައުމޫނުގެ ރައިޓްސް އާބެހޭ ކޮމިޝަނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނެއް ނޫނެވެ. މިމޭރުމުން އެއްޗެހިކިޔަކިޔާ ހުއްޓާ އެބޭފުޅުން، ގޮޅިން ނުކުމެ ވަޑައިގެން ހިންގަވައި ގެންފިއެވެ. ދެން ސަލާމް ކުރުމަށް ފަހު، ވަރަށްބޮޑު ޝުކުރިއްޔާއެއް ދެންނެވީމެވެ.
23 އޯގަސްޓް 2004 ވީހޯމަ ދުވަސް މިއަދު، އަޅުގަނޑާ ބައްދަލުކުރީ އީޔޫގެ ބޮޑުވަފުދެކެވެ. މިބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނެރުނީ، ދޫނިދޫ އުނދޯލިގެއަށެވެ. މިވަފުދުގައި ހިމެނެނީ، 3 ފިރިހެނުންނާއި، 2 އަންހެނުންނެވެ. މިއީ ވަރަށްމަތީ ފެންވަރުގެ ބޮޑުޓީމެކެވެ. ތަޢާރުފްވެ ސަލާމްގަލާމް ކުރުމަށް ފަހު، މިވަފުދަށް އަޅުގަނޑު ދެންނެވީ، އަޅުގަނޑު ބޭނުންވަނީ، ތިޔަބޭފުޅުންގެ އަރިހުގައި ވަޑައިގެން މިއިންނެވި، ފޮރިންގ މިނިސްޓްރީގެ ބޭފުޅާ އަލްފާޟިލް އަބްދުލްޙަމީދު ޒަކަރިއްޔާ އަޅުގަނޑުގެ ވާހަކަތައް ރަސްމީކޮށް ތަރުޖަމާކޮށް ދެއްވާގޮތަށް މިބައްދަލުވުން ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވައި ދެއްވުމަށެވެ.
ދެން ހަމަޖެހިގެން ދިޔައީ އެގޮތަށެވެ. އަޅުގަނޑަކީ، ޚާއްސަ މަޖިލީހުގެ، އދ.އަތޮޅުގެ މެމްބަރުކަމާއި، 10 ރަށުގައި މީހުންދިރިއުޅޭ ބޮޑުއަތޮޅެއް ކަމާއި ވަރަށްމަތީ ޕަސެންޓޭޖަކުން އަޅުގަނޑު ހޮވިފައިވާ ކަމުގައި ދެންނެވީމެވެ. ބައެއްރަށްރަށުން ވޯޓުލީ އެންމެންގެ ވޯޓު އަޅުގަނޑަށް ލިބުނެވެ. ދެން މިމަހު، 13 ވީހުކުރު ދުވަހު އަޅުގަނޑުގެ އަމިއްލަގޭގައި އިންދާ ސިފައިންގެ ޖީޕެއްގައި، 5 ބޭކަލުން އައިސް އަޅުގަނޑު ނެރެގެން ގެންގޮސް ކަނުބަނދެ، ދެއަތްފުރަގަހަށް ގަދަކަމުންލާ ހަނގުރާމަމަތީގައި ހިފާހައްޔަރުކުރަން އަޅުވާވައްތަރުގެ ޕްލާސްޓިކް ސްޓްރިޕެއް އަޅުވާއި ބުރަކައްޓާއި މޭމަތީގައި ބާރަށްވިކާ ކުދިގޯނާތައްކޮށް ހަދާއި ހަޑިހުތުރު އެއްޗެހިކިޔައި، އަދި ދަނގަނޑުބޫޓުން ދެފައިގާ ތަޅަމުން ތަޅަމުން ހިންގާހެދިއެވެ.
ހިންގާފައި ގެންދިޔަ މަގުމަތީގައި ހަޑިހުތުރު ބަހުރުވައިން، ޖެއްސުމުގެ ބަސްތައް އިއްވިއެވެ. ދެން އިރުގަނޑަކަށް ފަހު، އަޅުގަނޑަށް ސިފައިންގެ އޮފިސަރެއްކަން އަޑުންފާހަގަވީ އިބްރާހީމް ދީދީއެވެ. އޭނާއަށް އާދޭސް ދެންނެވީމާ މުހެލަދިނުމަށް ފަހު، ދެން ގެންދިޔައީ މައްޗަށެވެ. އިބްރާހީމް ދީދީމިތަކުން ފާހަގަ ނުވިނަމަ، އެހެންމީހުންނަށް ހެދިހެން އަޅުގަނޑަށް ވެސް ހަދާލީއެވެ. ދެން މަޖިލީހުގެ މެމްބަރެއްކަން އެނގުނީމާ މައްޗަށް ގެންދިޔައީއެވެ. ފަތިސްވަންދެން މިތާގާއި ގެންގުޅެފައި، ދެން ގެންގޮސްލީ ދޫނިދޫކުޑަ ގޮޅިއަށެވެ.
ދޫނިދޫ ކުޑަގޮޅީގައި ހައްޔަރުކުރި ގޮތަށް އަދިވެސް މިހުންނަނީ، 24 ގަޑިއިރު ބަންދުކޮށްފައެވެ. މިރަށަށް ބަދަލުކުރިފަހުން ހަށިގަނޑަށް ގެއްލުންވާގޮތަށް ބޭރުފުށުން ތަޅާލާނުހަދައެވެ. ކަނުބަނދެ ގައިގާޖަހާ ހަދާފައެއް އަދިއެއް ނެތެވެ. އެހެނަސް މިހުންނަނީ، 8 ފޫޓު، 8 ފޫޓުގެ ކުޑަގޮޅިއެއްގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، 100 ޕަސެންޓް އަނިޔާގައިކަމަށް ދެންނެވީމެވެ. އަދި ގަލަން، ފަންސޫރު، ކަރުދާސް، ފޮތް ފަދަ ތަކެތި ނުލިބޭކަމާއި ރޭޑިއޯއެއްވެސް ނުލިބޭކަމުގައި ދެންނެވީމެވެ. ސަރުކާރުން ކުރައްވަމުންދާ އެއްވެސް ކަމެއް، ނާންގަވާކަމަށާއި އެހެނަސް ގާނޫނުއަސާސީގެ ދަށުން އަޅުގަނޑު ކޮށްގެން މިހިރަ ހުވާ ދަމަހައްޓައި ދޭންމަޖްބޫރެވެ.
އެހެނަސް ސިފައިން އެހުވަޔަށް ޢަމަލުކުރިއަކަ ނުދެއެވެ. ހުރަސް އަޅަނީއެވެ. ނަފުސާނީ ޖެއްސުން ކުރެއެވެ. ގާނޫނު އަސާސީއާ ޚިލާފަށެވެ. އެސުވާލު ކުރުމުންބުނަނީ، ގާނޫނަކުން ބާރުލިބިގެން މިގޮތަށް މިކަންކުރަނީ ކަމަށެވެ. އަސާސީއަށް ވުރެގާނޫނުގެ ބާރުމާގަދައެވެ. މިހުންނަ ގޮޅީގައި އެއްގޮތަކަށް ވެސް ކަސްރަތު ނުކުރެވެއެވެ. ވައިދައުރުވާލެއް ވަރަށްދަށެވެ. ބައެއްފަހަރު، އުނދަގޫވެ ނޭވާހާސްވާ ގޮތްވެއެވެ. ގޮޅިތެރޭގައި ވަސްނުބައި ވެއެވެ. ހިލައިގެ ޒަމާނުގައި ނުވަތަ ސްޓޯންއޭޖްގައި މީހުން ފެންވެރިގޮތަށް ފެންވަރާން ޖެހެއެވެ.
އަދި ފާޚާނާކުރަން އުސްތައްޓެއް ބަހައްޓާފައި ގޮޅިތެރޭގައި ކުޑަފާޚާނާއެއް ކަހަލަ ތަންކޮޅެއް ހުރެއެވެ. ފެންއިސްކުރުގައި ހުންނަނީ ފާވަސްދުވާ ލޮނުފެނެވެ. ދުވަނީނުބައި ކުނިވަހެވެ. ރީތިފެނުގެ ދެނީއެންމެ ކުޑަހަމެކެވެ. ބުއިމާއި ހުރިހާކަމެއް ކުރަންޖެހެނީ އެހަމުގެ ފެނުންނެވެ. މިގައުމުގެ ގާނޫނު އަސާސިހަދާ މަޖިލީހުގެ މެމްބަރުން ކަމުގައިވާ، ސިޔާސީލީޑަރުން ތިބެންޖެހޭ ގޮތަކީ މިއީ ކަމުގައި ދެންނެވީމެވެ. މިއަށްވުރެ މަރާލުންވެސް މާރަނގަޅު ވާނެކަމުގައި ދެންނެވީމެވެ. ގޮޅީތެރޭގައި ވައިދައުރުވާނެ ގޮތެއް ނުހުރެއެވެ. 24 ގަޑިއިރު ހުންނަނީ ތަޅުލާފައެވެ. ނާމާން ބިރުވެރި ތަނެކެވެ. މީހަކައި އަނގައިން ނުބުނެވެއެވެ.
ފޯރިއަށްތިބޭ ގާޑުންނައި އަނގައިންބުނުން ވެސް މަނަލެވެ. އެކިވަފުދުތަކާ ބައްދަލުކުރުމަށް ބޭރަށް، އަދި ތަޙްޤީޤަށް ނެރޭއިރު ހިނގަންޖެހޭމަގާއި އަޅަންޖެހޭ ފިޔަވަޅު އަޅާނެތަންވެސް ގާޑުންގެ އިޝާރާތުން ދައްކާހަދައެވެ. އެނޫންގޮތެއް ހަދައިފިނަމަ، އަދަބުދެއެވެ. މިހާވެސް ބޮޑަށް ހައްގުތައްވަނީ ނިގުޅައިގެންފައެވެ. ކިޔާލާނެ ނޫހެއް، މަޖައްލާއެއް، ފަންސޫރެއް، ނޯޓްފޮތެއް ނުލިބެއެވެ. އާއިލާއާ، އަދި ބައްދަލެއް ނުވެއެވެ. ކުޑަކުޑަދެކުދިން، 2 އަހަރާއި، 4 އަހަރުގެ ތިބެއެވެ. ކުޑަމަންޖެގެ އުފަންދުވަސް އައުމުން ފޯނުކޯލެއް ދިނުމަށް އެދުނީމާވެސް ނުދިނެވެ.
މިޒާތުގެ ހިތަށް އަސަރުކުރާ ކަހަލަ ބައިވަރު އަނިޔާތަކެއް ކުރެއެވެ. މިގޮތަށް ޓުރީޓްކުރަމުން މިގެންދަނީ ދިވެހި ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ މެމްބަރަކަށެވެ. އެތައް މެމްބަރުންނެއް ގޮޅިތަކުގައި ހައްޔަރުކޮށްފައި އެބަތިއްބެވެ. އެމީހުންނަށް ރައްޔިތުން ވޯޓުދީގެން ހަވާލުކޮށްފައިވާ ބޮޑުޒިންމާތައް ވަނީ ނިގުޅައި ގެންފައެވެ. ގާނޫނު އަސާސީއާއި ގަވާއިދުތަކާ ޚިލާފަށެވެ. އިންސާނިއްޔަތާ ވެސް ޚިލާފަށެވެ. ރައްޔިތުން، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައިތިބޭ މިފެންވަރުގެ ސިޔާސީ ލީޑަރުންނަށް ލިބިދޭންޖެހޭ އެއްވެސް ހައްގެއް ނުލިބެއެވެ. ގާނޫނުހަދާ މަޖިލީހުގައި ވާނުވާއެއް ނާންގައެވެ.
މިކަމާ ވީހާއަވަހަށް ތިޔަބޭފުޅުން ގަދައަޅާ މަސައްކަތްކޮށް ދެއްވުން އެދެމެވެ. އަޅުގަނޑުމެންގެ ހައްގުތައް ލިބިދިނުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވުން ވަރަށް ބޮޑަށްއެދެމެވެ. ސްޓޭޓް އޮފް އިމަޖެންސީ، ކުއްލި ނިރައްކަލުގެ ހާލަތު އަދިވެސް އޮތީ ހިންގާފައެވެ. ހުރިހާ އަސާސީ ހައްގުތަކަކާއި ވާޖިބުތަކެއް ވަނީ، ވެރިމީހާގެ މުށުތެރެއަށްލާއި ބަންދުކޮށްލާފައެވެ. ވަކީލުންގެ ބޭނުންހިފުންވެސް ވަނީ މީގެތެރެއިން މަނާވެފައެވެ. ކުޑަކުދިންގެ ފަހަތުން ސިފައިން ދުވެހަދައިގެން އަތުލައިގަނެގެން ގެނެސް ޖަލަށްލާއި ކަނުބަނދެ އަނިޔާކޮށް ހަދާފައި އެބަހުއްޓެވެ.
އަންހެން ކުދިންނަށް ޖިންސީގޮތުން ހާނީއްކަކޮށްފައި އެބަހުއްޓެވެ. އަނދިރީގައި އެކުދިންގެ ތުންފަތުގައި ސިފައިންގެ ސިއްރު ގުނަވަންތައް ކާއްތާފައި އެބަހުއްޓެވެ. ފިރިހެން ޒުވާނުންގެ ކުރިމަތި ފަރާތުގައި ހިފާފައި ތަޅުވަމުން، އަބްދުﷲ ޙަމީދު އިސްތިއުފާއޭ ކިޔާފައި މަލާމާތް ކޮށްފައި އެބަހުއްޓެވެ. މިކަންކުރީ ހއ.އަތޮޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލެއްވި ކެނޑިޑޭޓަކަށެވެ. މިއަދުގެ ސިަފއިންގެ އަޚްލާޤީމިންގަޑަކީ މިއީއެވެ. އަޅުގަނޑުމެން ހައިރާންވީމެވެ. 13 ވަނަ ދުވަހު، މާމަ ގެއަށް ދިޔަ ކުޑަދެކުއްޖަކު މަގުމަތިން އަތުލައިގަނެގެން ތަޅާއިއަނިޔާކޮށް ހަދާއި ގިރިފުއްޓަށް ކަނުބަނދެގެން ގެންގޮސްފައި ވެއެވެ.
ކަނުބަނދެ އަތުގައި ބިޑިއަޅުވައިގެން ކަނޑުދަތުރު ކުރުމަކީ، ބައިނަލް އަގްވާމީ ކަނޑު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން މުޅިންމަނާ ކަމެކެވެ. ކަނުބަނދެގެން ކަނޑުމަތީގައި ގިނައިރު އަންހެންކުދިން ރޭގަނޑު ގެންގުޅުނީ، ޖިންސީގޮތުން އެކުދިންނަށް ހާނީއްކަކުރާށެވެ. މިމީސްމީހުންގެ އާއިލާތަކަށް އަދި ވާނުވާއެއް އެއްގޮތަކަށް ވެސް ނޭނގެއެވެ. ސަރުކާރުގެ ގައުމީ ޓީވީން ގޮވަނީ، ސަރުކާރާ ދެކޮޅަށް ބަޣާވާތެއް ކޮށްގެން އުޅޭބައެއްގެ ގޮތުގައެވެ. ޝައިޚް ޢުޘްމާނުމެން ކަހަލަ ދީނީޝައިޚުން ލައްވާ، ބާޣީންނަކީ މަރަންޖެހޭނެ ބައެއްގެ ފަތުވާވެސް ނެރުވާހަދަނީއެވެ. ގޭގައި ތިބި އާއިލާތައް ބިރުގަންނަވަނީއެވެ.
ޓިވީއަށްއަރާ ބައެއްދަންނަ ބޭކަލުން ނިޔާކަނޑައަޅާއި ޙުކުމްތަކާއި ޢުޤޫބާތްތައް ވެސް ކިޔައިދީ ހަދާފައިވާ ކަމުގެ ޚަބަރުތައް ޖަލަށްް ލިބިފައި އެބަހުއްޓެވެ. މިޝައިޚުންނަކީ ސަރުކާރަށް ބޯލަނބާ ޝައިޚުންނެވެ. މިރެޖީމުން ގެންގުޅޭ އެޖެންޓުންނެވެ. އިސްލާމްދީން އެމީހުން ބޭނުންވާ ގޮތަށް އަނބުރާލުމަށެވެ. މިކަންމިކުރަނީ އަޅުގަނޑުމެންގެ އާއިލާތައް ނަފްސާނީގޮތުން ބަލިޖައްސާއި ބިރުގެންނެވުމަށެވެ.
އެހެންވުމާހެދި ހިފޭއްޓިފައި ހުރި ހުރިހާ ހައްގުތައް ވީހާއަވަހަށް ރައްޔިތުންނަށް މިނިވަން ކަމާއެކުގައި ލިބޭނެގޮތް ހައްދަވައި ދެއްވުމަކީ ތިޔަ ޔުނިއަންގެ މަސައްކަތެއް ކަމުގައި ވީހާއަވަހަށް ހައްދަވާށެވެ. އަޅުގަނޑު މެންވެސް މިތިބީ އެހައްގުތަކުން މަހުރޫމުވެފައެވެ. މުޅިމިކަމަށް ޖުމްލަގޮތެއްގައި ހައްލެއް ހޯއްދަވައި ދެއްވުމަށް ތިޔަ ޔުނިއަންގެ ފަރާތުން ލަސް ނުކުރައްވައި ކުރައްވަންޖެހޭ މަސައްކަތްތައް ފައްޓަވައި ދެއްވާށެވެ. އެއީ އަހުރެމެން ސިޔާސީ ގައިދީންގެ ވަރަށް ބޮޑުއެދުމެކެވެ. ރާއްޖޭގެ އެތައް އާއިލާތަކެއް ޖަލުގައި ހަލާކުވެ މިދަނީ ތިޔަބޭފުޅުންގެ ލޯމަތީގައެވެ. މިކަމާ ވިސްނަވާށެވެ. އަވަސް ހައްލެއް ގެނެސް ދެއްވާށެވެ.
މީގެކުރިން، 1990 ވަނަ އަހަރު މިރެޖީމުން ކަންތައް ކޮށްފައިހުރީ ވަރަށް ގޯސްކޮށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ވަރަށް ލާއިންސާނީ ކޮށެވެ. ހަމައެއް ލަމައެއް ނެތިއެވެ. ޖަލުގެ ކުޑަގޮޅިއަށް ވެއްދިގޮތަށް ނުނެރެކުޑަ ގޮޅީގައި ބައިތިއްބައިގެން ޙުކުމް އިއްވައި ކޯޓުން ޝަރީޢަތް ނިންމާއި ދެން ވެސް ކުޑަގޮޅިގައި އެތައް ޒަމާނެއް ވަންދެން އަނިޔާގައި ބޭތިއްބީއެވެ. ނަސީބުގަދަ މީހުން ސިކުނޑި ހަލާކުނުވެ ތިބީއެވެ.
އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ސިކުނޑިގޯސްވެ ބޯގޮވި މީހުން މިހާރުވެސް ދުނިޔޭގައި ފެންނަން އެބަތިއްބެވެ. މިފަހަރު އެހެންވިޔަ ނުދެއްވުން އޮތީ ތިޔަޔުނިއަނުން ކުރައްވާ މަސައްކަތުގެ ނަތިޖާގައެވެ. އަޅުގަނޑުމެން މިނިވަންވުމުގެ ތަޅުދަނޑިއޮތީ ތިޔަބޭފުޅުން އަތުގައެވެ. ތިހާދުރުން، ތިހާމަތީ ފެންވަރުގެ ޔޫނިއަނަކުން ތިހާ މަތީ ފެންވަރުގެ ވަފުދެއް އަޅުގަނޑާ ބައްދަލު ކުރެއްވީތީ އެކަމަކީ، އަޅުގަނޑަށް ލިބޭވަރަށްބޮޑު އުފަލަކާއި ޝަރަފެއްކަން އަބަދުވެސް ހަނދާން ކުރާނަމެވެ.
މާދަމާ ނުވަތަ އަނެއްދުވަހު، އާއިލާއާ ފުރަތަމަ ފަހަރަށް ބައްދަލުވާނެ ކަމުގެ އުންމީދު ކުރެވެއެވެ. އަންހެނުން ފެންނާނެއެވެ. އެހެނަސް އެބައްދަލު ވުމަށްވުރެ، ތިޔަބޭފުޅުންގެ މިބައްދަލުވުން އަޅުގަނޑަށް މާބޮޑަށް އުފާކުރުވައި ފިއެވެ. އަޅުގަނޑަކީ، ޔުނިވަރސިޓީން ގްރޭޖްއޭޓްވެގެން ރާއްޖެއައި ގޮތަށް، ރާއްޖޭގައި ސިޔާސީ އިސްލާހުތައް ގެނެސް ރިފޯމަށް ގަދައަޅާ މަސައްކަތްކުރާ މީހެކެވެ. 1994 ގައިވެސް ސިޔާސީޕާޓީއެއް ހެދޭތޯ އަންނިއާއި ކަޅުހުރާގޭ މުޙައްމަދު ލަޠީފާއެކު ގުޅިގެން މަސައްކަތްތަކެއް ކުރިމީހެކެވެ. އެދުވަސް ވަރަކީ، މިހާރު ބޭނުންކުރަމުން މިގެންދާ ގާނޫނު އަސާސީ އިސްލާހުކުރަމުން ގެންދިޔަ ދުވަސްވަރެވެ.
މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނާ ހަމައަށް ރަސްމީކޮށް ސިޓީއަކުން، އަޅުގަނޑު ގެންދިޔުމުން، ދެއްވީ ރަނގަޅުރީތި ޖަވާބެކެވެ. އަދި އޭގެފަހުން، 2001 ވަނަ އަހަރު، 42 މީހުންނާ ގުޅިގެން އެމްޑިޕީގެ ނަމުގައި ރާއްޖޭގައި ސިޔާސިޕާޓީއެއް ރަޖިސްޓަރީ ކުރެވޭތޯ މަސައްކަތް ކުރީމެވެ. ގާނޫނު އަސާސީ އެކަމަށް ހުއްދަދޭތީއެވެ. އެހެނަސް ދިވެހި ފަސްގަނޑުގައި އެކަންވަނީ އަދިވެސް ނުކުރެވިފައެވެ. އަޅުގަނޑުމެން ދެކެ، ސަރުކާރުން މިހާރުޅި އަންނަނީ ސިޔާސީޕާޓީއެއް ގާނޫނީ ގޮތުން އުފައްދަން މަސައްކަތް ކުރާތީއެވެ.
އަޅުގަނޑު ދުނިޔޭގައި ހުރިހާ ދުވަހަކު މިކަމަށް މަސައްކަތް ކުރާނަމެވެ. “އައި އެމްއަ ރިފޯމަރ” އާއި “އައި ވިލް ޑައި ފޯ ޑިމޮކްރަސީ” އާއި “ލޯންގ ލިވް ޑިމޮކްރަސީ” އާއި “އަހަންނަކީ ސިޔާސީ މީހެއް… ޅެންވެރިއެއް ނޫން” މިހިރީ އަޅުގަނޑުގެ ސިޔާސީ ކެންޕޭންތަކުގައި ކާމިޔާބު ހޯދުމަށް ބޭނުންކުރި މޮޓޯތަކެވެ. ޒުވާނުންގެ ތަރުހީބު ވަރަށްބޮޑަށް ލިބުނެވެ. އެންމެންވެސް މިފަދަ މަލްޓިޕާޓީ ނިޒާމަކަށް ރާއްޖޭގެ ސިޔާސީ ނިޒާމް ބަދަލުކޮށް އަބަދުވެސް އެކަކަށް ވެރިކަމުގައި ނުހުރެވޭ ގޮތްވާން ބޭނުން ވެއެވެ. ވެރިކަމަކީ، ދައުރުވާ އެއްޗަކަށް ބަދަލުކުރަން ބޭނުންވެއެވެ.
ވީމާ މިނުކުތާތަކަށް، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޔޫނިއަނުން ވަރަށް އިސް ނަންގަވައިގެން ވިސްނެވުމަށް އަދޭހާއެކު ކުޑަގޮޅީގެ އަނިޔާގައި އޮވެގެން ގޮވާލަމެވެ. ދެން ތިޔަބޭފުޅުންނަށް އީޔޫގެ ފަރާތުން އަޅުގަނޑުމެން ފަދަ، ޖަލުގައި ތިބި ސިޔާސީ މީހުންނަށް ކޮށްދެއްވޭނީ ކޮންކަމެއްތޯ ދަންނަވައި ސުވާލުކުރުމުން، ވަފުދުގެ ބޭފުޅުން ވިދާޅުވެ ދެއްވީ، ތިޔައީ ވަރަށް ރަނގަޅު ސުވާލެއް ކަމަށެވެ. ރާއްޖޭގައި މިހާރު ހިންގާފައި މިއޮތް އިމަޖެންސީ ހާލަތު، ސްޓޭޓް އޮފް އިމަޖެންސީ، ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން ވީހާއަވަހަށް ނެގުމަށާއި ގާނޫނު އަސާސީ އެކުގައި ފުރިހަމަކޮށް ރައްޔިތުންނަށް އަމަލު ކުރުމަށް އަނބުރާ ގެނެސްދިނުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ވަފުދުގެ ބޭފުޅުން، އަޅުގަނޑަށް ޔަގީންކަން ދެއްވަމުން، ވަރަށް ހިތްވަރު ކުރެއްވުމަށް ވިދާޅުވެ ދެއްވިއެވެ.
މިހާހިސާބުން މިބައްދަލުވުން ސަލާމްގަލާމްކޮށް ނިންމަލީއެވެ. މިއީ ވަރަށް ފުރިހަމަ ބައްދަލު ވުމެކެވެ. އަޅުގަނޑު ވަރަށްއުފާވި ބައްދަލު ވުމެކެވެ. ނިމުނީ ގާތްގަނޑަކަށް، ގަޑިއެއްހާ އިރުވެފައެވެ. އަޅުގަނޑު ދެއްކި ވާހަކަތަކުން މާދިގުދެމިގެން ދިޔައީއެވެ. އެބޭފުޅުން ގިނަވާހަކަތައް ނޯޓުކުރެއްވިއެވެ. އަބްދުލް ޙަމީދު ޒަކަރިއްޔާގެ ތަރްޖަމާ ކުރެއްވުން ވަރަށް ފުރިހަމައެވެ.
އެއްގޮތަކަށް ވެސް އުނިބައިތަކެއް ނާދެއެވެ. ޖަލުން ނުކުމެ އޭނާއަށް އަޅުގަނޑު ޝުކުރުވެރިވާން ޖެހެއެވެ. ވަފުދުގައި ތިއްބެވި އަންހެން ދެމަންދޫބުން ވަރަށް ޝައުޤުވެރި ކަމާއެކު ސުވާލުކޮށް ވާހަކަތަކުގައި ބައިވެރިވެ ހެއްދެވިއެވެ. ކުޑަދެކުދިންގެ ވާހަކަތަކާއި އާއިލާގެ ވާހަކަތަކުގައި ޚައްސަކަމެއް ދެއްވިއެވެ. މިބައްދަލުމުވުގެ ވިސްނުމާއި ޚިޔާލުތައް އެނބުރިއެނބުރި ރޭގަނޑުއެއްކޮށް ދިޔައީ ނިދުމެއް ނެތިއެވެ. ފަތިސްނަމާދާ ހަމައަށް ދާންދެން ހޭލާ އޮންނަން ޖެހުނެވެ.
4 ސެޕްޓެމްބަރ 2004 ވީހޮނިހިރު ދުވަސް، ކުޑަގޮޅިގައި އިންނަތާ، 23 ވަނަ ދުވަހު ހަވީރު، ވަގުތެއްގައި ޖަސްޓިސް މިނިސްޓްރީގައި އޮންނަ، އެމިނިސްޓްރީގެ ދެބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ދެބޭފުޅުން ހިމެނޭ ޓީމެއް އަޅުގަނޑާ ބައްދަލުކުރިއެވެ. މިބޭފުޅުން ވަޑައިގަތީ ޖަލުތެރެއަށެވެ. އަޅުގަނޑު ބޭރަށް ނެރުނީކީ ނޫނެވެ. މިޓީމުގައި ތިއްބެވީ، ގާޒީ އާދަމް ސަޢީދު މޫސާއާއި އިސްގާޒި ޙުސައިން ރަޝީދު ތުޅާދޫއާއި ތ.އަތޮޅު މެމްބަރު ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއާ، މިހަތަރު ބޭފުޅުންނެވެ. ޖުމްލަކޮށް ދެކެވުނީ ހަމަ އެއްވާހަކަ ތަކެކެވެ.
ކަނުބަނދެފައި ހަތަރެސްފައިގާ ބިޑިއަޅުވާއި ރަނގަޅަށް ތަޅާލުމަށް ފަހު، ދެންކޮން ހާލެއްބައްލަވަން ތޯއެވެ؟ އަދިވެސް މިތިބީ ބޮޑެތިއަނިޔާގައޭ ދެންނެވީމެވެ. އަޅުގަނޑު މެންގެ އެތައް ހައްގުތަކެއްވަނީ ހިފޭއްޓިފައެވެ. ވެރިމީހާ ހަދަނީ ހަދާނެގޮތެކެވެ. ބާރުތައްހުރީ ވެރިމީހާގެ މުށުތެރޭގައެވެ. މިވަފުދުގެ ބޭފުޅުން ވިދާޅުވީ، ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ބޭސް ފަރުވާ ހަމަޖެހިފައި ހުރީ ރަނަގަޅަށްތޯ އެކަންޏެވެ.
އަޅުގަނޑު ދެންނެވީމެވެ. ނަފްސާނީ ގޮތުނާއި ޖިސްމާނީ ގޮތުން މިއަނިޔާތަށް ލިބެމުން ދާހާހިނދަކު ރަނގަޅަށް ކައި ރަނގަޅަށް ބޮއި ރަނގަލަށް ނުނިދޭނެއެވެ. ފުރަތަމަ ކަންތައް ފުރަތަމަ އިސްކުރައްވާށެވެ. އެހެންނޫނީ ވާހަކަދައްކައި އަނެއްކާ އިތުރު، އެނަރޖީތަކެއް ނަގާލާކަށް އަޅުގަނޑު ބޭނުމެއް ނޫނެވެ. ތިއީ އާދަކާދައަކަށް ހައްދަވައިގެން ހިންގަވާ ކަމެއްތޯއެވެ. އަޅުގަނޑު މެންނަށް ކަމެއްކޮށް ނުދެވެންޏާ އިތުރަށް އަޅުގަނޑުގެ ވާހަކަތައް ކުރިޔަށް ގެންދާކަށް ބޭނުމެއް ނޫނެވެ. މިތަނުން އަވަހަށް ވަޑައިގަންނަވާށެވެ. ފުރަތަމަ ޖަސްޓިސް ސިސްޓަމް ސަރުކާރުގެ ނުފޫޒުތަކުން އެއްފަރާތްކޮށް، އިންސާފުވެރިތާކަށް ހެއްދެވޭތޯ ބައްލަވާށެވެ. ޝުކުރިއްޔާއެވެ!
20 ސެޕްޓެމްބަރ 2004 ވީހޯމަ ދުވަސް، ކުޑަގޮޅީގައި ހުންނަތާ، 39 ވަނަ ދުވަހު، ބޭރުބޭފުޅަކު ވަޑައިގަންނަވައި ގެން ބައްދަލުކުރުމަށް ނެރުނެވެ. ނެރުނީ ދޫނިދޫ އުނދޯލިގެއަށެވެ. މިބޭފުލާއަކީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މިސްޓަރ ޖޭމްސް އެވެ. މީނާ ވަޑައިގަތީ ގިނިކަންޏާއެވެ. ސިފައިންގެ ފަރާތުން އިންނެވީ، ޢަބްދުﷲ ރިޔާޒެވެ. ސަލާމްކޮށް ތަޢާރުފްވުމަށް ފަހު، ވިދާޅުވީ މާލޭގައި ބޭއްވި އެމެރިކަން ފެއާރ އަކަށް އައިސް ތިޔައިއްޒަތް ތެރިންނާ ބައްދަލުވެލުމަށް އެދުމުން، ދިވެހި ސަރުކާރުން އެހުއްދަ ދެއްވިމާ ވަޑައިގަތީ ކަމަށެވެ. އަޅުގަނޑު ގާތުން، ޖަލަށް ގެނެވުނީ ކޮންތާކުންތޯ ސުވާލު ކުރެއްވިއެވެ. އަޅުގަނޑު ދެންނެވީމެވެ.
ޖަލަށް ގެނައީ އަމިއްލަ ގޭގައި އިންދާ، 13 ވަނަ ދުވަހުގެ ފަހުގެ ވަގުތެއްގައެވެ. މުޅިސްޓޯރީ އަނިޔާކުރި ވާހަކައާއި އެހެންމީހުންނަށް ސިފައިންކުރި އަނިޔާތަކުގެ ވާހަކައާއި ޖަލުގައި ކަންތައްތައް ހުރިގޮތުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދިނީމެވެ. އާދެ! އީޔޫ ވަފުދަށް ކިޔައިދިން ހުރިހާވާހަކަ ތަކެއް މިސްޓަރ ޖޭމްސް އަށް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. ސަރުކާރުގެ ވަޒީފާއިން ނޯޓިސް ދީފައި ވަކިކޮށްލި ސަބަބާއި އެކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ކިޔައިދިނީމެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކަންތައް ވީގޮތް، ޖޭމްސް ތަފްސީލުކޮށް އައްސަވައި އޮޅުން ފިލުއްވިއެވެ. ހުރިހާކަމެއް ހިނގާދިޔަގޮތް އަޅުގަނޑު ކިޔައިދިނީމެވެ.
މިހުރިހާވާހަކަ ތަކެއް އައްސަވާފައި އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. އަދި އިއްޒަތްތެރި އެމްބެސެޑަރަށް މިވާހަކަތައް ތަފްސީލުކޮށް ކިޔައި ދެއްވާނެކަމަށް ވިދާޅުވިއެވެ. ދެން ތިމަންނާ ކޮށްދޭނީ ކޮންކަމެއްތޯ އަޅުގަނޑާ ސުވާލުކޮށް އެއްސެވުމުން، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން އަޅުގަނޑުމެން ކުރަމުން މިގެންދާ ރިފޯމްގެ މަސައްކަތް މިނިވަން ކަމާއެކު، ރާއްޖޭގައި ކުރެވޭނެގޮތް ރާވައިދީ، އަޅުގަނޑުމެން ވީހާއަވަހަށް މިނިވަންކޮށް ދިނުމަށް، އެމެރިކާ ސަރުކާރުން، ދިވެހި ސަރުގައި ދަންނަވައި ދިނުމަށް އެދުނީމެވެ.
މިވާހަކަތައް ނޯޓުކުރައްވައި އެކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބޭފުޅާ ދެއްވިއެވެ. މިދިޔަ އަހަރުގެ ސްޓޭޓް ޑިޕާޓްމަންޓުގެ އަހަރީ ރިޕޯޓް އަޅުގަނޑު ދުށްކަމަށާއި އެމެރިކާ ކުރަމުން ގެންދާ އަގުހުރި މަސައްކަތްތަކަށް ޝާބަހާއި ޝުކުރު ދެންނެވީމެވެ. ވާހަކަތައް މިހާހިސާބަށް ދިއުމުން ޖޭމްސްގެ ޖީބުން އޭނާގެ ވިޒިޓިންކާޑު ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވައި މިނިވަން ވުމުން އޭނާއާ ބައްދަލު ކުރުމަށް އެދި ވަޑައިގަތެވެ. ނަސީބަކުން، ސިފައިން މިކާޑު އަތުލަން ޚިޔާލެއް ނުކުރިއެވެ. މިބައްދަލުން ނިންމާލީ މިހާ ހިސާބުންނެވެ. މިއަދަކީ ވެސް އަޅުގަނޑު ވަރަށް އުފާވިދުވަހެކެވެ.
22 ސެޕްޓެމްބަރ 2004 ވީބުދަދުވަސް، ކުޑަގޮޅީގައި އިންނަތާ، 41 ވަނަ ދުވަހު، ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޓީމެއް އަޅުގަނޑާ ބައްދަލު ކުރުމަށް ޖަލަށް އައެވެ. މިބައްދަލުވުން އޮތީ ދޫނިދޫޖަލުގެ އުނދޯލިގޭގައެވެ. ވަޑައިގެން ތިއްބެވީ، މަޑުލު ވަހީދާއި އަންހެން ބޭފުޅަކާ، އަދި މުޢްތަޞިމް ޢަދްނާނެވެ. މިފަހަރު މުޖްތަބާ ވަޑައެއް ނުގަނެއެވެ. ދެކެވުނީ ތަކްރާރުކޮށް ހަމައެއް ވާހަކަތަކެކެވެ. އަދި ވެސް ވަކިޚާއްސަ ބަދަލެއް ނާންނަކަމަށާއި މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޓޯޗާގައި ކަމަށާއި ނޫސް މަޖައްލާ ފަދަތަކެތި އަދިވެސް ނުލިބޭކަމަށް ދެންނެވީމެވެ.
ކުރީދުވަހު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީ ކިހާ ހިސާބެއްގައިތޯ ސުވާލު ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ މިބޭފުޅުން ވިދާޅުވިއެވެ. ކުރީގެ ބައްދަލުވުމަށް މަހެއްވުމާ ގުޅިގެން ހާލުބަލައިލަން އަނެއްކާވެސް ބައްދަލުވެލާއި ވާހަކަ ދައްކާލަން ވަޑައިގަތީ މިކަމުން ވެސް ތިޔަބޭފުޅުން ހިތްހަމަ ޖެހޭނެތީކަމަށް ވިދާޅުވިއެވެ. މިބުރުގައި ވަރަށްގިނަ ގައިދީންނާ ބައްދަލު ކުރިއެވެ. ފަހަރަކު މީހަކު ނެރޭތަން ފެނުނެވެ.
5 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަހެވެ. ކުޑަގޮޅިގައި އޮންނަތާ، 54 ވަނަ ދުވަހު، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައި އޮންނަ ޖަލުގެ ހާލަތު ބަލަހައްޓާ ރިޔާސީކޮމެޓީގެ ބޭފުޅުންނައި ބައްދަލުވިއެވެ. އުނދޯލިގެއަށް ނެރުނީ ވަރަށް ހަވީރުވެފައި ހުއްޓައެވެ. ތިއްބެވީ، އާދަމް ސަޢީދު މޫސާއާއި ގާޒީ ޢަބްދުﷲ ޢަރީފާއި ތ.މެމްބަރު ޙަސަން ޢަފީފާއި ރައީސް މައުމޫނުގެ މެމްބަރު އައިންދީއެވެ. މިއަދު ވާހަކަދެއްކީ އާދަމް ސަޢީދުމޫސާ އެކަންޏެވެ. އެހެންއެންމެން ތިބީމަޑުންނެވެ. ބަހެއްނުބުނެއެވެ. ސިފައިންގެ ފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއްވާހަކަ އެކެވެ. ނޯޓުކުރެއްވީ ވެސް އާދަމް ސަޢީދު އެކަންޏެވެ.
އަޅުގަނޑަށް ލިބިފައިހުރި އަނިޔާތަކުގެ ސަބަބުން ވާއަތުފައި ދުޅަވެފައިވާ ވާހަކަ ފައި ދައްކާހަދާފައި ދެންނެވީމެވެ. އޭރުދުޅަކަން ފެންނަން ހުއްޓެވެ. ބުރަކަށީގައި ގޮއްމުށްކަވާފައި ދެއަތުގެ ބަނޑުފުށުން އަޅާވިހެލާފައި ކޮށްޕާލި އެތިފަހަރުގެ ސަބަބުން، އެދިމާލުގައި ރިބްސްތައް އައިސް މައިބަދައިގެ ދެފާތުގައި ބައްދަލުވާ ހިސާބުގައި މައިބަދައާއެކު އެދިމާލުގައި ތަދުވަނީ ޑޮކްޓަރ ޝަކީލް ބުނުއްވާ ގޮތުންވިއްޔާ އެދިމާއިން ނާރެއް ފިތޭތީކަމުގައި ދެންނެވީމެވެ. އަދި ފައިދުޅަވެ ފަޔަށް ދުޅަވެތަދުވަނީ މިކަމާހެދިގެން ކަމަށް ޑޮކްޓަރ ޝަކީލް ބުނުއްވައެވެ. މިވާހަތައް ކިޔައިދިނުމުން އަޑުއަހަން ތިއްބެވީއެވެ.
މިކަހަލަ އަނިޔާތައްކޮށް ހޭއަރުވާލުމަށް ފަހު، ހާލު ބައްލަވަންށޭ ކިޔާފައި ވަފުދުތައް ފޮނުވުމުގެ ބޭނުމެއް ނެތެވެ. އަދިވެސް މިހުންނަނީ ކުޑަ ގޮޅީގައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތިވޭނާއި އަނިޔާތަކުގައި ކަމަށް ދެންނެވީމެވެ. ކަމެއްކޮށް ދެއްވަންޏާ މިއަނިޔާތަކުން އަވަހަށް ސަލާމަތް ކޮށްދޭށެވެ. ނުވަތަ އެކަމަށް ބާރުއަޅާއި މަސައްކަތް ކޮށްދޭށެވެ. ދެން ގާޒީޢަރީފު ފެނުމުން، ހަދާންވާ ވާހަކައެއް ދަންނަވާ ލާނަމޭ ކިޔާފައި ދެންނެވީމެވެ. ދާދިފަހުން ޖިނާއީކޯޓުގައި ހިންގެވި މައްސަލައެއް އަޑުއެހުމަށް ދެފަހަރަކު އަޅުގަނޑު އެކޯޓަށް ވަނީމެވެ.
އެއިން އެއްދުވަހަކީ، ރައްޔިތުން ޖަސްޓިސް ބިލްޑިންގ ދޮށަށް މީހުންއެއްވި ދުވަހެވެ. އެދުވަހު ހިނގަމުންދިޔަ ޝަރީޢަތަކީ ޝައިޚް ފަރީދާއި އޭނާގެ ހައެއްކަ އެކުވެރިންގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާއެއްގެ އަޑުއެހުމެވެ. މިދެދުވަހު އޮތީ، އެކަމެއް ހިނގިއިރު މަޖީދިއްޔާ ސްކޫލްގައި ކިޔަވަންހުރި ކުޑަކުއްޖެއްގެ ބަޔާނެއް އިއްވުމާއި އެބަޔާން ނެގި ސިފައިންގެ އޮފިސަރުންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. އަޑުއަހަންވަދެ ތިބި، 12 ވަރަކަށް މީހުންނެވެސް މިގޮތަށް މިވާހަކައަށް އެއްބަސްވެ އިއްތިފާގުވެއެވެ.
އެހާފެންވަރުދަށް ބަޔާނެއްގެ ޝަރީޢަތް މިހާދިގުލައިގެން ގޮސްފައިވާތީއެވެ. މިހާރުވަނީ އެކުޑަކުއްޖާ ބޮޑުމީހަކަށް ވެފައެވެ. ކަންހިނގިތާ އެތައް ދުވަހެއް ވެފައެވެ. އަޅުގަނޑަކީ، ތިޔަ އިއްޒަތްތެރި ގާޒީނަމަ، މިހާހިސާބުން ފާޅުވެ އެނގުނު ހެކިތަކުގެ މައްޗަށް ރިޢާޔަތްކޮށް އެކުއްޖާއަތުން ހޯދާފައިއެވާ ބަޔާނަކީ ބާތިލް އިއުތިރާފެއް ކަމުގައި ނިޔާކަނޑައަޅާ މައްސަލަ ކޯޓުން ބޭރުކޮށް ލައިފީމުހެވެ. އެކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ދިގުދެންމީމާ ބަދުނާމުވާނީ ސަރުކާރެވެ. ފަލީހަތްވާނީ ފަނޑިޔާރެވެ. މިވާހަކަތަކަށް ފަހު، މިބައްދަލުމުން ނިންމާލީއެވެ. ގާޒީ ޢަބްދުﷲ ޢަރީފް ބަސްފުޅެއް ވިދާޅުނުވެ، ވަރަށް ސީރިއަސްކޮށް ފިކުރު ކުރެއްވުމުގައި އަޑުއައްސަވަން އިންނެވީއެވެ.
6 އޮކްޓޯބަރ 2004 ވީބުދަ ދުވަސް، ކުޑަގޮޅިގައި އޮންނަތާ، 55 ވަނަ ދުވަހު، ބޭރަށް ނެރުނީ ކޮޅުބުގައި ހުންނަވާ އެމެރިކާ ސަފީރު ދޫނިދޫއަށްް ވަޑައިގަތުމުން އޭނާއާ ބައްދަލުވުމަށެވެ. އުނދޯލިގޭގައި ހުންނަ ސޯފާސެޓަށެވެ. އިއްޒަތްތެރި ސަފީރާއެކު ވަޑައިގެން އިންނެވީ އޭނާގެ އަންހެން ސެކްރެޓަރީއެވެ. ދެން އިންނެވީ ސިފައިންގެ ފަރާތުން އިންނެވި، އަބްދުﷲ ރިޔާޒު އެކަންޏެވެ. އެތިން މީހުންނާ އަޅުގަނޑު އެކަންޏެވެ. އަދި ރިޔާޒާނުލާ ވަކިން އެކަހެރިކޮށް އެމްބެސެޑަރާއެކު ވަގުތުކޮޅެއް ދެއްވާނެކަމަށް ފެށުމުގެ ކުރިން ރިޔާޒު ވިދާޅުވެ ދެއްވިއެވެ.
ތަޢާރުފް ވުމަށްފަހު، ވާހަކަތައް ފަށައިގެން ކުރިޔަށް ގެންދެވުނެވެ. މިސްޓަރ ޖޭމްސް އާއި އީޔޫގެ ވަފުދާއި ވެސް ބައްދަލުވިކަމާއި މިސްޓަރ ޖޭމްސް އަށް ހުރިހާ ވާހަކަތަކެއް ވާނީވަރަށް ތަފްސީލުކޮށް ކިޔައިދީފައި ކަމަށް އަޅުގަނޑު ދެންނެވީމެވެ. ހުރިހާކަމެއް ސާފުކޮށް އެނގޭކަމަށް ސަފީރު ވިދާލުވެ ދެއްވިއެވެ. އަދި އީޔޫ އިން ބައްދަލުކުރި ވަފުދުގައި އިސްކޮށް ހުންނެވި، ބޭފުޅާ ރަނގަޅަށް ދަންނަ ކަމަށާއި އެމީހުންވެސް އަޅުގަނޑު މެންނަށްޓަކައި ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށް ސަފީރު ވިދާޅުވިއެވެ. އެމެރިކާއިން ވެސް މިގެންދަނީ ކުރެވެންހުރި ހުރިހާކަމެއް ކުރައްވަމުން ކަމުގައި ވިދާޅުވެ ދެއްވިއެވެ.
އަދި ވެސް ނޫސްމަޖައްލާ، ރޭޑިއޯ، އަދި ކިޔާލާނެ ފޮތެއް ނުލިބޭކަމާއި މިތިބެނީ، 100 ޕަސެންޓް ޓޯޗާގައި ކަމަށް ދެންނެވީމާ، ވަރަށް ހައިރާންވެ، ތިމަންނައަށް ވެސް އިހްސާސް ކުރެވެއޭ، ތިމަންނާއަށް ނިދާލެވެނީ ކޮންމެވެސް އެއްޗެއް ބަލާލާއި ކިޔާލެވުނީމާ ކަމުގައި ސަފީރު ވިދާޅުވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަދިވެސް ލޯޔަރެއްވެސް ހަމަޖައްސައި ނުދޭކަމާއި، 55 ދުވަސްވީއިރު ވެސް ތަހުގީގު ނިންމާކަށް އެއްގޮތަކަށް ވެސް ނޫޅެއެވެ. މިހާތަނަށް ސުވާލުކުރަން، ނެރުނީއަދި އެންމެ، 3 ފަހަރުއެވެ. އަޅުގަނޑަކީ އެއްވެސް ހާލެއްގައި ކުށެއްކުރި މީހެއްނޫނެވެ.
ސަރުކާރުން ވާހަކަދެއްކެވި، އޭރުގެ އިންފޮމޭޝަން މިނިސްޓަރ އިބްރާހީމް މަނިކު، ގާސިމަށް ފޯނުކުރައްވާފައި ސިފައިންގެ ދޮށަށް ވަރަށްގިނަ މީހުން އުޅެނީ އެއްވެގެންނޭ، އެމީހުންތައް ގެއަށް ފޮނުވާލުމަށް އެހީތެރި ވެދެއްވުމަށް ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވަން އެދިވަޑައި ގަތުމުން، އަޅުގަނޑުމެން އެގާރަ މެމްބަރުން އެވަގުތު، މާލޭގެ މެމްބަރު އިބުރާގެ ގޭގައި ބައްދަލު ވުމެއްގައި ތިއްބާ އަވަހަށް ޖުމްހޫރީ މައިދާނަށް، ވަޑައިގަންނަވާށޭ ވިދާޅުވުމުން އެދިމާއަށް، ޖުމްހޫރީ މައިދާނަށް އަޅުގަނޑުމެން ދިޔައީއެވެ. މިކަން އަޅުގަނޑުކުރީ މިނިސްޓަރ އިބްރާހީމް މަނިކު ވިދާޅުވިކަމަށް އަޅުގަނޑުމެން ގާތުގައި ގާސިމް ވިދާޅުވީ މައެވެ.
އަޅުގަނޑުމެން ހުރިހާ މެމްބަރުންވެސް އެތަނަށް އެދުވަހުގެރޭ ދިޔައީ މިސަބަބާ ހުރެއެވެ. އަޅުގަނޑު މެންނަކީ ކުށްވެރިންނެއް ނޫނެވެ. އަޅުގަނޑު މެންގެ ކުށަކަށް ވެގެން މިއުޅެނީ، އަޅުގަނޑު މެންނަކީ ހަމައެކަނި ޑިމޮކްރަސީއަށް މަސައްކަތްކުރާ ހިތްވަރުހުރި ބަޔަކަށް ވާތީކަމުގައި ދެންނެވީމެވެ. ރާއްޖެއަށް ޕާޓީސިސްޓަމް ސިޔާސަތު ގެނައުމަށް އަދި ވެރިމީހާ ދައުރުވާގޮތަށް ހެދުމަށް މަސައްކަތްކުރާތީ ޖަލަށް ލެވުނީކަމުގައި ދެންނެވީމެވެ. ދޮގުބަހަނާއެއްގައި ތުހުމަތު ކޮށްފައެވެ. އަޅުގަނޑު މިހުރީ ރާއްޖޭގައި ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަރުވާންވެސް ތައްޔާރަށޭ ދެންނެވީމާ އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ.
ކުރިޔަށް މިއޮތްދުވަސް ތަކުގައި، މިއަހަރުގެ ފަހުކޮޅުގައި ހަމަގައިމު ވެސް ބާއްވަންޖެހޭ، އާންމު އިންތިޚާބުގައި އެމެރިކާގެ ފަރާތުން އެއިންތިޚާބު މޮނިޓަރކޮށްދޭން ބަޔަކުއައުމަކީ އަޅުިގަނޑުމެން އެދޭކަމެކޭ ދެންނެވީމާ، ވިދާޅުވީ ސަރުކާރުން މިއަދު އެދުނަސް އެކަން ހަމަޖައްސައި ދޭނެކަމަށެވެ. ރާއްޖެތެރޭގައި އިންސާފުވެރި އިންތިކާބެއް ނުބޭއްވެނީ ވެރިކަމުގެ ސިޔާސީ ނިޒާމުގައި ރޭވިފައި އޮންނަގޮތުން މައްސަލަތަކެއް އުޅޭތީއެވެ. ނުފޫޒު ހިންގާނެ މިނިސްޓަރެއް، އެޓޮލްސް މިނިސްޓަރުގެ ނަމުގައި އެކަމަށް ޚާއްސަކޮށް މަގުފަހި ކޮށްދީ، މަސައްކަތް ކުރަންހުންނާތީ ވާގޮތެއް ކަމުގައި ދެންނެވީމެވެ.
އަދި އަޅުގަނޑަށް މިވަނީ ގާނޫނު އަސާސީން ހުއްދަ ނުދޭއިރުވެސް ގަވައިދެއްގެ ދަށުން، އަޅުގަނޑު ކޮށްގެންހުރި ގާނޫނުހަދާ މަޖިލީހުގެ ހުވަޔަށް އަމަލުކުރިޔަ ނުދީހިފާއްޓާއި ހުރަސް އަޅާފައެވެ. މަޖިލިސްތެރޭގައި ކަންތައްތައް ވާނުވާގޮތެއް މިހާރަކު އެއްވެސް މިންވަރަކަށް ނޭނގެއެވެ. މިކަން މިކުރަނީ ގާނޫނު އަސާސީއާ ޚިލާފަށެވެ. އަޅުގަނޑު ކޮންމެތާކު ބަހައްޓާފައި ހުއްޓަސް ޖަލްސާތަކަށް ހާޒިރުކުރެވެން ޖެހޭނެއެވެ. ގެންދެވެން ވާނެއެވެ. ދެން ސަފީރު ވިދާޅުވީ، 12 ވަނަ ދުވަހު ޚާއްސަ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށާއި އެދުވަހުގެ ޖަލްސާގައި ހުރިހާ މެމްބަރުން ހަމައަށް ތިއްބަވާނެ ކަމުގެއުންމީދު ކުރައްވާ ކަމަށެވެ.
އަދި މާދަމާ ރައީސް މައުމޫނާ ބައްދަލުކުރުން އޮންނާނެއެވެ. މިވާހަކަތައް ރައީސް މައުމޫނު އަރިހުގައި ދައްކަވާނެ ކަމަށް ވިދާޅުވެ ދެއްވިއެވެ. އަދި އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމާއި މިއަންނަހަފްތާ ހިސާބުގައި އެމީހުން ތިޔަބޭފުޅުންނާ، މާލޭގައި ބައްދަލުވާނެ ކަމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވެ ދެއްވިއެވެ. މިވާހަކަތައް ސަފީރު ވިދާޅުވެ ދެއްވީމާ ވަރަށް އުފާވިއެވެ.
އަދިވެސް ވިދާޅުވެ ދެއްވިއެވެ. އަޅުގަނޑު ގަބޫލުކުރަނީ ދެދުވަހެއްގެ ތެރޭގައި މާލެ ގެންދާނެ ކަމަށެވެ. މިޚަބަރުވީ ވަރަށް ބޮޑަށް އުފާކުރުވި ކަމަކަށެވެ. އެވަގުތު އަޅުގަނޑުގެ ލޮލުން، އުފަލުންގޮސް ކަރުނަ ފާއްދާލިއެވެ. އެމެރިކާގެ އެއްބާރުލުން ލިބިގެންނޫނީ ރާއްޖެކަހަލަ ޒަމާނުއްސުރެ އެކެއްގެ ބާރުން ވެރިކަން ހިންގަމުން އައިސްފައިވާ ރެޖީމަކަށް އިސްލާހީ ފިޔަވަޅުތައް ކުރިޔަށް ނުގެންދެވޭނެ ކަމާއި މިހާރުގެ ރެޖީމުން ބޭނުންވަނީ، ބަހަނާ ދައްކައިގެން ވީހާގިނަ ދުވަހަކު އަދިވެސް އިތުރަށް ވެރިކަމުގައި ދެމިތިބުމަށް ކަމާއި ބައެއް ބަދަލުތައް ޒުވާން ދެތިން ވަޒީރުންނާއެކު ގެންނަވާނެ ވާހަކަ ބާރަށް ދައްކަވަނީއެވެ. އެއްވެސް އިސްލާހެއް، ބަދަލެއް އަދިވެސް ނާދެއެވެ.
ހަމަ އަދިވެސް އޮތީ، ހަމަ ކުރިންވެސް އޮތްގޮތަށެވެ. ހުރިހާކަމެއް ވެސް ލަސްކުރުމުގެ ސިޔާސަތަށް ބައްޓަންކޮށް، ފައްތައިގެން އެކުރައްވާ ކަމަކީ، އަމިއްލަ ވެރިކަން ހަރުދަނާކޮށް ދެންމުމާއި އަމިއްލަ ގޮތްގަނޑު ގަދަކުރުން ކަމުގައި ދެންނެވީމެވެ. 9 ޖޫން ގައި، އިސްލާ މަރުކަޒު ހޯލްގައި ރައީސް މައުމޫނު އެވިދާޅުވި އިސްލާހުތައް އަވަހަށް ގެންނަވަން ބޭނުންފުޅުނަމަ، އެކަން ކުރެއްވިދާނެ އެތައް އެތައްގޮތް ތަކެއް އެބަހުއްޓެވެ. އެހެނަސް އެއިން އެއްވެސް ކަމެއް އަދިވެސް ކުރިޔަށް ނުގެންދަވައެވެ. ދައްކަވަނީ ހުސް ވާހަކަތަކެވެ. އަމަލަށްވުރެ ގިނައީ ހުސްވާހަކައާއި އޮޅުވާލުމުގެ ސިޔާސަތެވެ.
އެމެރިކާ ސަފީރު މިވާހަކަތައް އައްސަވާފައި، އަޅުގަނޑު މެންގެ މަސައްކަތަށް ވަރަށް ޝުކުރުވެރިވެ ވަޑައިގަންނަވަމުން ހިތްވަރު ދެއްވިއެވެ. އަދި މާލެ ގެންދިއުން ލަހެއްނުވާނެ ކަމުގެ އުންމީދުތައް ދެއްވަމުން، މިބައްދަލުވުން ނިންމާލެއްވީއެވެ. މިއަދަކީވެސް ވަރަށް އުފާވި ދުވަހެކެވެ. ޖަލުގައި އެންމެއުފާވި ދުވަހެވެ. އުފަލުންގޮސް ދެލޮލުން ކަރުނަ ފޭބިއެވެ. އަޅުގަނޑު ކަހަލަމީހަކު ޖަލުގެ ކުޑަގޮޅީގެ ބަންދުގައި އިންދާ ސުޕަރޕަވަރުގެ ރަސްމީ މަންދޫބަކު ސަފީހުންގެ ފެންވަރުން ބައްދަލުކޮށް، ހިތްވަރު ދެއްވާއި ޑިމޮކްރަސީ ކުރިޔަށް ނެރެ ހިތްވަރާއެކު މަސައްކަތް ކުރުމަށް ގޮވާލައްވައި ނަސޭހަތް ދެއްވީމައެވެ. މިރޭވެސް ނިދަންއަރާއޮވެ، އެއްގޮތަކަށްވެސް ނިދޭގޮތެއްނުވެ އުޅެނިކޮށް ފަތިސް ވެއްޖެއެވެ.
12 އޮކްޓޯބަރ 2004 ވީއަންގާރަ ދުވަސް، ކުޑަގޮޅީގައި އޮންނަތާ، 61 ވަނަ ދުވަހު ބަލާއައީ، އެމްނެސްޓީ އިންޓަރނޭޝަނަލްގެ މިރީޖަނަށް ކަނޑައަޅުއްވާފައި ހުންނަވާ އިސްމީހާ، އައްބާސް އައި، އަދި އަންހެނަކާ ދެމީހުންނާ ބައްދަލުވާން އުނދޯލިގެއަށް ނެރޭށެވެ. މިއީ ވަރަށް މިނިވަންކޮށް އެކަހެރިކޮށް، ސިފައިންގެ ބޭކަލަކާނުލާ ހިނގާދިޔަ ދިގު ބައްދަލު ވުމެކެވެ. ތިބީ އަޅުގަނޑުމެން ތިންމީހުން އެކަންޏެވެ. އުނދޯލިގޭ ސޯފާ ސެޓްގައެވެ. ވަރަށް މިނިވަން ޖައްވެއްގައި ވާހަކަތައް ކުރިޔަށް ގެންދެވުނެވެ. ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް ކިޔައި ދިނީމެވެ.
އަންހެން ބޭފުޅާ، ނޫސް މަޖައްލާ ފަދަ ތަކެތިލިބޭތޯ ސުވާލު ކުރައްވައިފިއެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ކަރުދާސް، ވާހަކަފޮތް، ރޭޑިއޯފަދަ ތަކެތި ނުލިބޭކަމަށެވެ. ކަސްރަތު ކުރާނެޖާގަ ގޮޅީތެރޭގައި ނޯންނަކަމަށް ދެންނެވީމެވެ. ވަރަށް ރަނގަޅަށް އަޅުގަނޑުދެއްކި ހުރިހާ ވާހަކަތަކެއް ބަރާބަރަށް ނޯޓުކުރެއްވިއެވެ. ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަސައްކަތްކޮށް އުޅޭތީ، 5 ފަހަރު ޖަލުގެ ކުޑަގޮޅީގައި ސިޔާސީއެކި ތުހުމަތުތަކުގައި ބަންދުކުރިކަމާއި މީގެބައެއް ރެކޯޑްސްތައް އެމްނެސްޓީން ފެންނަން ހުންނާނެކަމާއި ތަހުގީގު މިހާރުވެސް ކުރަމުން ގެންދަނީ ރޭގަނޑު ދަންވަރުކަމަށާއި ގޮނޑިއެއްގައި ގިނައިރުވަންދެން ބައިންދާކަމަށް ވެސް ދެންނެވީމެވެ.
ދެން އިތުރަށް ކޮންވާހަކައެއް ތޯއޮތީ، ޚާއްސަ ވާހަކައެއް އެބައޮތްތޯ، އައްބާސް ސުވާލު ކުރެއްވުމުން އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ މިމެސެޖް އެމެރިކާ ސަފީރަށް ދަންނަވައި ދެއްވުން ވަރަށް ބޮޑަށް އެދެމެވެ. ސަފީރު ވިދާޅުވިގޮތަށް، 12 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ޖަލުގައި ބަންދުކޮށްފައި ތިބިހުރިހާ މެމްބަރުންނެއް ނުގެންދިޔައެވެ. މިއަދު މިވަގުތު އެޖަލްސާ ރަސްމީކޮށް މަޖިލީހުގެ ގޭގައި ހިނގަމުންދާއިރު އަޅުގަނޑު މިހުރީ، ޖަލުގެ ކުޑަގޮޅީގައި އައްބާސް މެންނާ ވާހަކަ ދައްކާށެވެ. މިއަދުގެ މިޖަލްސާއަށް ދެވޭގޮތަށް، 4 މެމްބަރުން މާލެ ގެންގޮސް ދޫކޮށްލިއެވެ. ބ.އަތޮޅު މެމްބަރު އަލީފާއިޒު ގެންދިޔައީ ރޭދަންވަރުއެވެ.
ސަފީރު ވިދާޅުވެ ދެއްވިގޮތަށް ކަންތައްތައް ނުދިއުމުން ހިތާމަކޮށް ދެރަވާވާހަކަ ސަފީރަށް، ދަންނަވައި ދިނުމަށް އައްބާސް އަރިހުން އެދުނީމާ އެވާހަކަ ނޯޓު ކުރެއްވިއެވެ. ސަރުކާރުން އެމެރިކާ ސަފީރު އަރިހުގައި ދޮގުހެދިކަން ހާމަކޮށް އައްބާސް އަރިހުގައި އަޅުގަނޑު ނަންގަތީމެވެ. ތިޔަބޭފުޅުން މާލެއަށް ވަޑައިގަތީމާ ވަރަށް ރަނގަޅަށް ހިތާނެއެވެ. ދޫނިދޫއަށް ޖަލުގެ ކުޑަގޮޅިތަކަށް ވެސް ފޮނުއްވާނެއެވެ. ހަމަ އެނބުރިފުރާ ވަޑައިގަތުމުން، ކަންތައް ކުރައްވާނީ އަމިއްލަފުޅަށް އެމީހުންނަށް ފެނިވަޑައިގަންނަވާ ގޮތަށެވެ. ވަރަށް އަނިޔާވެރިކޮށެވެ. ސަރުކާރުން ތިޔަބޭފުޅުން ކައިރީގައި ހަދާނީ ހުސް ދޮގެވެ. މިއީ މިރެޖީމުގެ އާދައެވެ. ފާޑެވެ.
9 ނޮވެމްބަރ 2004 ވީއަންގާރަ ދުވަސް، ކުޑަގޮޅިގައި އިންނަތާ، 89 ވަނަ ދުވަހު، އަނެއްކާވެސް ބައްދަލުކުރީ މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުން ވަޑައިގެންނެވި، އަލްއަޚް މަޑުލު ވަހީދާއި އަލްއަޚް ނަންރީތި ސަލީމާއި އަލްއުޚްތު ނާޒްއައި މިތިން ބޭފުޅުންނެވެ. މިބައްދަލުވުން އޮތީދޫނިދޫ އުނދޯލިގޭގައެވެ. ދެކެވެމުން ދިޔައީ ހަމައެއް ވާހަކަތަކެކެވެ. އިތުރަށް ދެކެވުނީ، 18 އޮކްޓޯބަރުން ފެށިގެން ނޫސް މަޖައްލާތައް ލިބެންފަށައިފި ކަމަށާއި ތިޔަބޭފުޅުންގެ މަސައްކަތަށް ޝުކުރިއްޔާ ދެންނެވުން ހައްގުވެއްޖެއެވެ. ތިޔަނެރުއްވާ ނޫސްބަޔާން ތަކަށް ބަލައި ވިސްނާލުމުން އަނެއްކާ މުޖްތަބާއަށް ތިޔަކޮމިޝަނުގެ ރައީސެއްގެ ގޮތުގައި ހުންނެވޭނެބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.
އެންމެފަހުން ލިބުނުނޫސްތައް ލިބިފައިވަނީ، މިދިޔަމަހުގެ، 30 ވަނަ ދުވަހުގެ ނޫސްތައް މިމަހު، 6 ވަނަ ދުވަހުގައެވެ. ނޫސްތައް ލިބެނީ ވަރަށްލަސް ކޮށްފައެވެ. މަޖައްލާތައް ލިބޭފަހަރަކު އެހަފްތާއެއްގެ މަޖައްލާ ލިބެއެވެ. އެހެނަސް އަދިވެސް މިތިބެނީ، ކުޑަގޮޅީގައި ކަމާއި މައްސަލަ ކޯޓަށް ފޮނުއްވައިފިކަން ރަސްމީކޮށް، 1 ނޮވެމްބަރުގައި އިޢުލާނު ކުރެއްވީމާވެސް އަދިވެސް ބަހައްޓާފައި މިހުންނަނީ ކުޑަގޮޅީގައި ފުރިހަމަ އަނިޔާލިބޭ ގޮތަށެވެ. ނަފްސަށާއި ހަށިގަނޑަށް ހެސްކިޔާފަ އަނިޔާލިބޭ ގޮތަށެވެ. ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެ ދަށުން، ހިންގެވި ކުއްލި އަމުރު ނެރުމުގެ ގަރާރު ނެންގެވިތާ، 21 ދުވަސް ހަމަވާތީ، 30 އޮކްޓޯބަރ ގައި ޖިނާއީކޯޓަށް ގެންގޮސް ގަޒީ އާދަމް ސަޢީދު، 30 ދުވަސް އިތުރުކޮށް ދެއްވީ، ދެން ސުވާލެއް ކުރަންބޭނުން ވިޔަސް ގޭގައި ބަހައްޓައިގެން ތަހުގީގަށް ބޭނުންވާ ސުވާލު ކުރެވޭގޮތަށް ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ.
އެހެނަސް ގާޒީ ލައްވާ ތަމްސީލު ކުޅުވާފައި އަޅުގަނޑު މިހުރީ އަދިވެސް ކުޑަގޮޅީގެ އަނިޔާގައި ބަހައްޓާފައެވެ. މިއީ ސާފު އަނިޔާއެވެ. މިއީ ޒާތީރުޅިވެރިކަން ކަމުގައި ނަންގަތީމެވެ. އެކިމީހުންނަށް ހަދަނީ އެކިގޮތެވެ. އެއްބަޔަކު މިނިވަންކޮށް ދޫކޮށްލައި ފިއެވެ. އަނެއްބަޔަކު އަދިވެސް ކުޑަގޮޅީގައި ބައިތިއްބާފައި ތިބީއެވެ. އަނެއްބަޔަކު ގޭބަންދުގައި ތިބީއެވެ. ކޯޓުގައި މައްސަލައޮތް މީހަކު، މިތާޖަލުގެ ކުޑަގޮޅީގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ދެންނެވީމެވެ.
ވީމާ މިކަންތައް، މީގެކުރިން ތިޔަކޮމިޝަނުން އަޅުގަނޑު ހުށަހަޅާފައިވާ ދެކަންތަކުގެ އިތުރަށް ބައްލަވައި ދެއްވުން އެދެމޭ ދެންނެވީމެވެ. ކުރިންވާނީ މުޖްތަބާ އަރިހުގައި އަނިޔާކުރި ވާހަކައާއި ސަރުކާރުގެ ވަޒީފާއިން ނޯޓިސް ދެއްވިކަންތައް ބައްލަވައި ދެއްވުންއެދި ދަންނަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، 2004 ގައި ދާއިރާއަކުން ކުރިމަތިލުމަށް އިލެކްޝަންސުން ފޯމްސެޓް ފޮނުއްވީމާ، ސޮއިކޮށް ހަދާފައި މިހާރުވާނީ ހޯމްއެފެއާޒަށް ގެއަށް ރައްދުކޮށް ދިނުންއެދި އަނބުރާ ފޮނުވާފައެވެ.
އެހެނަސް އަދިވެސް ގެއަށް، އެފޯމްތައް ނުލިބޭތީ މުއްދަތު ހަމަވުމުގެ ކުރިން، އިލެކްޝަނަށް ފޮނުވާލަވޭނެ ގޮތަށް، ވީހާއަވަހަށް ގެއަށް ހަވާލުކޮށް ދެއްވުންއެދި އެކަންތައް ވެފައިވާ ގޮތެއް ބައްލަވައި ދެއްވުން އެދެމެވެ. މިބޭފުޅުން ޖަލުތެރެއަށް ވަޑައިގެން ގޮޅިތައް ބައްލަވާ ލެއްވިއެވެ. ހުރިހާ ގޮޅިއެއްގެ ކުރިމަތިން އެބޭފުޅުން ބުރެއް ޖެއްސެވިއެވެ. ވަހީދާއި ސަލީމާއި ނާޒު، އަރިހުގައި މާދަމާ، ގައުމީ ޓީވީއަށާއި ރޭޑިޔޯއަށް އަރުއްވާފައި، ޢަބްދުﷲ ކަމާލުއްދީނުމެން ދެއްކެވިކަހަލަ ޙަޤީޤަތް އޮޅޭގޮތަށް އިންޓަރވިއުއެއް ނުދެއްވުމަށް ހަރުއަޑުން ދެންނެވީމެވެ. އަދި ޢަބްދުﷲ މެން ހެއްދެވިދޮތް ކިޔައިދިނީމެވެ.
އާދެ! ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ތަޙްޤީޤަށް ނެރުނު ވަރަށްވުރެ ގިނައިން ބޭރުންނާއި ރާއްޖޭގެ ފެންވަރުގައި ވަޑައިގެންނެވި އެކިވަފުދުތަކާ ބައްދަލުވިއެވެ. މިއީ ވަރަށް ހިތްހަމަޖެހި ހިތްވަރުލިބުނު ކަމެކެވެ. ރާއްޖޭގައި ބޮޑު ޑިމޮކްރަސީއަށް މަސައްކަތްކުރާ މީހުންނަށް ހިތްވަރުދޭނެ ބަޔަކު ދުނިޔޭގައި ތިބިކަން ހާމަވެގެންދިޔަ ވަރުގަދަ ހެއްކެކެވެ. އެއެންމެހާ ފަރާތްތަކަށް ފަށްފަށުން ޝުކުރު ވެރިވަމެވެ.
ސުވާލު: ބޫކު ހަޅުތާލެއް ކުޑަގޮޅީގައި ކުރިޚަބަރު ލިބުނެވެ. އެއީ ކިހާވަރެއްގެ ޙަޤީޤަތެއް އެކުލެވޭ ތެދު ވާހަކައެއް ތޯއެވެ؟
ޖަވާބު: އެވަގުތު ޖަލުގައިތިބި މީހުން، 4 ނޮވެމްބަރ 2004 ވީބުރާސްފަތި ދުވަހު ރޯދަވީއްލުމަށް ގެނައި ކާއެއްޗެހި ނުނަގާ ހަންގަރސްރައިކް އަކަށް ގިނަބަޔަކު ދިޔައެވެ. ބޫކްހަޅުތާލެއް ފެށީއެވެ. މިއީ ގާތްގަނޑަކަށް، 18 މީހުންނެވެ. އެކިމީހުން ޑިމާންޑްކުރީ އެކިކަންތަކާއެވެ. އެންމެންވެސް އެދުނު ކަންތައްތައް ފުރިހަމަ ވެގެންދިޔައީ، 6 ދުވަހާއި ހަރޭ ނުކައި ތިބެގެންނެވެ. ފެންބުއިމާއެކު ރޯދަވީއްލަނީ، އެއްކަދުރުން، އަދި ހާރުކަނީ އެއް ކަދުރުންނެވެ. އަނބިދަރިންނާއި ތިމާގެމީހުން ހަވަނައަށްވީ ދުވަހުގެރޭ ދަންވަރު ހާރުކާގަނޑީގައި ސިފައިންގެ ލޯންޗެއްގައި ދޫނިދޫއަށް ގެނެސް ކެއުމަށް ބާރުއަޅައި ތިމާގެ މީހުންލައްވާ ކެއުމަށް ބާރުއަޅައި ވާހަކަ ދެއްކުވީއެވެ.
މިކަން ހިންގީ ވަރަށް ރާވައިގެންނެވެ. އެރޭން ފެށިގެން، 5 މީހުން ކާންފެށިއެވެ. މިކަންވެގެން ދިޔައީ ވަރަށް ކާމިޔާބުވި ކަމަކަށެވެ. ގޮޅިތަކުގައި ކާބޯތަކެތި ފޮރުވައިގެން ކައިބޮއިހެދި ވާހަކަ، އެއީބޮޑުރޯމަރު ދޮގެކެވެ. ބޮޑުއޮޅުވާލުން ގަނޑެކެވެ. ކެއީކަދުރެވެ. ބޮއީފެނެވެ. ރޯދަމަހަށް ވާތީ ރޯދަވީއްލާށާއި ރޯދަހިފާށެވެ. ގޮޅިއަށް ގެންނަކާއެއްޗެހި ތެރެއިން ކަދުރާއި ފެންނޫނެ އެއްވެސް އެއްޗެއް އެކަކުވެސް ނުނަގައެވެ. ދެން ސިއްރުން ކާނީ ކިހިނަކުންތޯއެވެ؟
ސުވާލު: ބޭރުގައި ތިއްބެވި ބޭފުޅުން ކުރައްވާ މަސައްކަތުގެ ނަތީޖާ ބަރާބަރަށް ފެންނަހެން ހީފުޅު ވެލައްވާތޯއެވެ؟
ޖަވާބު: އީޔޫއާއި ޔޫއެސްއޭއާއި ކޮމަންވެލްތާއި އެމްޑީޕީގެ ފަރާތުން ކަޅުހުކުރުގައި ބަންދުކުރި މީހުންނަށް، އަޅާލުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް ހިތުގެއެންމެ އަޑިން އަޅުގަނޑުމެން ދަންނަވަމެވެ. އެބޭފުޅުން އެވަރަށް ނޫޅުއްވިނަމަ، މިރެޖީމުން ކަންތައް ކުރެއްވީހީ، 1990 ވަނަ އަހަރު ކަންތައް ކުރެއްވި ގޮތަށެވެ. ޖަލުގައި ކުޑަގޮޅީގައި ބައިތިއްބައިގެން ނުރަސްމީ ވަގުތުތަކުގައި ކޯޓުހުޅުވައިގެން އިއްވެން އޮތް އެންމެ ބޮޑު ހުކުމްތައް ޖަލަށްލުމަށް އިއްވާފައި ޖަލުގައި ބަންދުކޮށްފައި ބައިތިއްބާ ގޮތަށް، ހުކުމްތައް ނިންމާލީހެވެ. އެހެނަސް މިފަހަރު މިދަނީ ތަންކޮޅެއް ގާނޫނާއި ގަވައިދާ އެއްގޮތްވާ ކަހަލަ ގޮތަކަށް ކަމަށް ބެލެވެއެވެ.
އެހެން ނަމަވެސް އަދިވެސް އެހަދަނީ ހައްދަވާނެ ގޮތެކެވެ. ކަންތައްތައް ދިގު ދެންމުމުގެ ބޭނުމަކީ، އަމިއްލަ ގޮތްތައް ހެދުމެވެ. އަދިވެސް، 7 މެމްބަރުންނަށް ގާނޫނު އަސާސީން ލިބިދޭބާރާއި މިނިވަންކަމުންވަނީ މަޙްރޫމުކޮށް ފައެވެ. ކޮށްގެން ތިބި ހުވަޔަށް ހުރަސް އަޅާފައެވެ. ޖަލްސާތަކަށް ނުދެވޭގޮތަށެވެ. މިކަމުގެ ޒިންމާ އުފުލާނެ މީހަކުނެތެވެ. މިއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ރަންޑިއަންހެނެއް ބާޒާރަށްނެރެ ވިއްކާލާހެން، ވިއްކާލުން ފަދަ، މުޑުދާރު ގޮތަކަށް ކުރާކަމެކެވެ. ގާނޫނު އަސާސީއަށް ހަދަނީ ހަދާނެގޮތެކެވެ. ހުރުމަތްވަނީ ކަނޑާލާފައެވެ. ތިޔަފަރާތްތަކަށް ފައްފަށުން ސާބަސް ދެމެވެ.
ތިޔަކުރައްވާ އަގުހުރި މަސައްކަތްތައް ބޭކާރުވެގެން ނުދާނެކަމުގެ ޔަގީންކަން އަރުވަމެވެ. އިތުރަށް ބާރަށް ކުރިޔަށް ގެންދަވާށެވެ. ކަޅުހުކުރުގެ އެންމެ މީހަކަށް ވެސް ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޚާއްސަ މަޖިލީހުގެ މެމްބަރުންނަށް ޝަރުޢީޙުކުމެއް މިރެޖީމުން އިއްވިޔަދީގެން ނުވާނެއެވެ. ބޭރު ގައުމުތަކުގައި މުޒާހަރާތައް އިތުރު ކުރައްވާށެވެ. އަޅުގަނޑުމެން އެންމެން މިނިވަން ކުރައްވާށެވެ. ބޭރު ގައުމުތަކުގެ ޕުރެޝަރު ވަރަށް ބޭނުމެވެ.
ބިންބިފޯސް:
ސުވާލު: 1990 ވަނަ އަހަރުގެ އިސްލާހީ ހަރަކާތްތަކުގެ ވާހަކައެއް ވިދާޅުވެއްޖައިމު، އެދުވަސްވަރު މަޝްހޫރު ވެގެންދިޔަ ބިންބިފޯހަކީ ކޮބައި ތޯއެވެ؟
ޖަވާބު: އެއީ އޭރުގެ ޑިފެންސް މިނިސްޓަރު އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި އައްބާސް އިބަރާހީމް އިސްކޮށް ތިއްބަވައިގެން ގެންގުޅުއްވި ވަރަށް ދަށުދަރަޖައިގެ ތަޢުލީމެއް، ޙިލްމެއްނެތް މަދުބައެއްގެ މައްޗަށް އެކުލަވާލެވުނު ރަށުތެރޭގައި ހަރަކާތްތެރި ކުރުވި ބާރެކެވެ. މަދުމީސް ކޮޅެކެވެ. ގިނައީ އެކި ކުށްކުށުގައި ބެދި ހުކުމް އިއްވާއި މިނިވަން ވެފައި ތިބި މީހުންނެވެ. މިފޯހުގެ ބޭނުން އޭރުގެ ސަރުކާރުން ހިއްޕެވީ، ރަށުތެރޭގައި ހަމަނުޖެހުމާއި ފަސާދަ ފެތުރާއި ހުންގުމަށެވެ. އަދި، އިދކޮޅު ފަރާތްތަކުން ބޭނުންވާ މީހަކު ސިޔާސީ ކުށުގައި ހިފާއި ހައްޔަރު ކުރުމަށެވެ.
އޭރު ސިފައިންގެ ތެރޭގައި އިސްކޮށް ހުންނެވި ކާށިދޫ ޙުސައިން އިބްރާހީމް ފުޅަކީ، ސަރުކާރުގެ ފަރާތުން ބިންބިފޯސް އިދާރީގޮތުން ހިންގަވަން އެންމެ އިސްކޮށް ހަވާލުވެގެން ހުންނެވި ލީޑަރެވެ. ރަށުތެރޭގައި އެމީހުން ހަރަކާތްތެރި ކުރުވާ މޭސްތިރިޔާއެވެ. މިފޯހުގެ މީހުންނަށް މުސާރައާއި ޚަރަދުރައް ދެވެނީ ސީދާ ޑިފެންސުންނެވެ. މިފޯސް ވުޖޫދަށް ގެނެވުނީ، އިސްލާހީ ހަރަކާތުގެ އެންމެ ކުރީކޮޅުގައެވެ. އެއީ އަށްޑިހައިގެ ފަހުކޮޅުގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކެވެ. އެހަރަކާތް އޭރުގެ ޚާއްސަމަޖިލީހުގެ ތެރޭގައި ޑޮކުޓަރު ވަހީދާއި އޭނާއަށް ތާއީދުކުރި މަދު ބަޔަކު ފެށި ހިސާބުން، އެހަރަކާތައި ދެކޮޅަށެވެ.
ފަހެ، ބިންބިފޯހުގެ މަސައްކަތް ހަވާލުކޮށްފައި އެކަންތައް ތަންފީޒުކޮށް ފުރިހަމަ ކުރާގޮތް ބެލުމަން ދުރުގައި ހުސައިން އިބުރާހީމް ފުޅު ހުންނަވާކަން ވަނީ، ފަޅާއަރާއި ފެނިފައެވެ. އެމަނިކުފާނު މިހާރު އަވަހާރަ ވެފައި ވާތީ، ﷲ އޭނާގެ ހުރިހާ ފާފަތަކެއް ފުއްސަވާއި ރަހުމަތް ލައްވާށިއެވެ! އާމީން!
ބިންބިފޯހުގެ މައިގަނޑު މަސައްކަތަކަށް ހަދާފައިއޮތީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަން މަނިކަށް ސިޔާސީގޮތުން ނުހޮރުއްޕާންކޮށް ވީހާއަވަހަށް ދިވެހިރާއްޖެއިން ފަހާލުމެވެ. އަދި ވަހީދާއި ބައިވެރިވި މީހުންނައި އެމީހުންގެ އިސްލާހީ ހަރަކާތްތަކަށް ހުރަސްއެޅުމާއި ޖެއްސުންކުރުމެވެ. އެކިގޮތްގޮތުން ސިޔާސީ ގޯނާކުރުމާއި ސިޔާސީ ދުއްތުރާތައް ކުރުމާއި ލިޔުމުން މަރުގެ އިންޒާރުދީ އެކިކަހަލަ ޖެއްސުމުގެ ލިޔުންތައް ފޮނުވާހެދިއެވެ.
އަދި އެފްޕީއައިޑީގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމެވެ. އެތަހުގީގު ދުނިޔެއިން ފޮހެލުމެވެ. އެކިއެކި ހުރަސްތައް އެޅުމެވެ. ބިންބިފޯހުގެ ރޭވުންތަކުގެ ތެރެއިން އިސްވެ ހިންގުނު ގިނަކަންތައް ހިންގިފައި ވަނީ، 1990 ވަނަ އަހަރުގެ ފަހުކޮޅާއި، 1991 ވަނަ އަހަރުގެ ކުރީކޮޅުގައި މާލެތެރޭގައި ހިންގި އަލިފާން ޖެހުމުގެ ކަންތަކާއި ކާރުސައިކަލް ފަދަ ތަކެތިޕާކް ކޮށްފައި ހުއްޓާ އެތަކެއްޗަށް ގެންލުންދީ ހުޅުޖަހާއި އަންދާލުމުގެ ސިޔާސީ ކުޅިވަރެވެ. އަދި އެއީ މާލެ ތެރޭގައި ފުރަތަފަހަރަށް ހިންގުނު ޓެރަރިޒަމްގެ ނުލަފާ ކުޅިގަނޑެވެ. މާޒީގައި ދިވެހިރާއްޖޭގެ ތާރީޚު ދެކެފައިވާ ބޮޑުހުޅުޖެހުމުގެ ރޭވުންގަނޑާއި އެއްގޮތްވާ ކަހަލަ ގޮތަކަށެވެ.
އާދެ! މާލެތެރޭގައި އަލިފާން ރޯކުރަން އުޅުނު، ނާސިރާއި ވިސާމް ޖަލުގައި ތިބެގެން އަޅުގަނޑަށާއި ބައެއް އެކުވެރިންނަށް ކިޔައިދީފައި ވަނީ، އެމީހުންނާ ބިންބިފޯހުގެ ލީޑަރުންނާ ބައްދަލުކޮށް ކަންތައްތައް ގެންދަންވީގޮތް އިސްވެ ރާވާއި ކިޔައިދޭކަމަށެވެ. އަދި ދަންނަވަންތޯއެވެ! ބިންބިފޯހުގެ ލީޑަރެއް ކެމެރާއެއްގެ މައްސަލާގައި ބަންދު ކުރާކަމަށް ހަދާފައި ޖަލަށް ފޮނުވައިގެން، ވިސާމާއި ނާސިރު އާދެމީހުން ޖަލުގައި ތިބޭ ގޮޅިއަށްލާއި ބައްދަލުކުރުވައި އެދުވަސްވަރު މާލެ ތެރޭގައި ހިންގުނު ހުރިހާ ކަމެއް ހިންގީ ޑޮކްޓަރ ވަހީދު ބުނުއްވައި ގެންކަމަށް ތަހުގީގުގައި ބުނެދިނުމަށް އެދުނެވެ.
އަދި އެކަން ކުރަންވީ ގޮތް އެދެކުދިންނަށް އޭނާ ކިޔައިދީ، ރާވައިދިނެވެ. މިދެކުދިން ޑޮކްޓަރ ވަހީދާއި ރައްޓެހިވާން ހެދިގޮތާއި ވަހީދާއި ބައްދަލުކުރާ ތަންތަނާއި ދައްކާވާހަކަ ތަކާއި މިހުރިހާ ރޭވުމެއް ކުރިޔަށް ގެންދަންވީގޮތްތައް ރާވައިދީ ހެދިއެވެ. އެހެނަސް މިއީ ސާފުހުދު ދޮގަކަށް ވާތީ، ނާސިރާއި ވިސާމަށް އެކަންތައް ޑޮކްޓަރ ވަހީދުގެ ބޮލުގައި އެޅޭގޮތަށް ފުލުހުންގެ ތަހުގީގުގައި ވާހަކަދައްކާއި ބަޔާންދޭން ނުކެރި ފަސްޖެހުނީއެވެ.
ކަނޑައެޅިގެން ރޭވިފައިވާ ދޮގަކަށް ވާތީ، މިދެކުދިން މިކަން ނުކުރީއެވެ. އަދި އެވާހަކަތައް ކިޔަދީ ފަޅާއަރުވާލީއެވެ. މިހިރަކަހަލަ އެތައް ހަގީގަތްތަކެއް، ހެއްކާގަރީނާ އާއެކު ފަޅާ އަރާފައި ވެއެވެ. އެލިޔާ ބިލްޑިންގު އަންދާލުމާއި ބުރެވިމާގޭ ގަރާޖުގައި އޮތް ސަރުކާރުގެ ދިދަޖެހިކާރު ރޯކޮށްލުން ފަދަ އޭރު މާލެ ތެރޭގައި ހިންގުނު ހުރިހާ ކަމެކެވެ. މިހުރިހާކަމެއްގެ ފަހަތުގައި އޮތީ ބިންބިފޯހެވެ. ފަހެ، މިއީ ބިންބިފޯހުގެ ކުރު ޚުލާސާއެކެވެ.
ޔާނުފޯސް:
އާދެ! އޭރު ބިންބިފޯސް ކުޅުނުރޯލް ކަޅުހުކުރުގެ ޙާދިޘާގައި ކުޅުނީ، “ޔާނުފޯސް” އޭކިޔުނު ޕާޓޭންގެ ގްރޫޕެކެވެ. ޔާނުފޯސް އަކީ، ރައީސް މައުމޫނަށް އެންމެވަފާތެރި އެއްބަފާ ލޯބިވާ ކޮއްކޯފުޅު މައުމޫގެ ހިމާޔަތާއި ދިފާއުގައި ކުރެއްވި މަސައްކަތްތަކުގެ ބައެކެވެ. މިއީ ބިންބިފޯހަށް ފަހު އުފެދުނު ދެވަނަ ފީހެވެ. މިފޯސް ދެހާސްވަނަ އަހަރުތަކުގައި ސިޔާސީ ބޮޑިރޯލެއް އަދާކުރިއެވެ. ރައީސް މައުމޫނާއި އޭނާގެ ސިޔާސަތު ރަށުތެރޭގައި ދެމެހެއްޓުމަށެވެ. މިފޯހުގައި އެކިވަރުވަރުގެ ލީޑަރުން ތިއްބެވެ.
ދައުލަތުން އެކިސިފަސިފައިގައި މުސާރަދެވޭ މީހުންނެވެ. ސަރުކާރުގެ ބޮޑުންނާ ސީދާކޮށް މިފޯހުގައި ހަރަކާތްތެރި ކުރުވާ ޕާޓޭންނާ ސީދާކޮށް ގުޅެއެވެ. ކަޅުހުކުރުގައި ހަރަކާތްތެރިވި ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތްތެރިވީ މިފޯހުންނެވެ. މިއީ މިފޯހުގެ ފެށުމެވެ. ބޮޑުދިދަ ކަނޑާވައްޓާލަން މިގުރޫޕުން ހެސްކިޔާފައި މަސައްކަތް ކުރިއެވެ. މިފޯހަށް މެގަފޯނު ދެސެޓް ބާލައިދިނީ ސިފައިންގެ ފާރުމަތިންނެވެ.
މިމީހުންނަށް މަގުފަހިކޮށްދީ ތަންތަނަށް ގެންގޮސް ގެނެސްދީހެދީ، ސީދާ ސިފައިންނެވެ. އެކަމަށް ޚާއްސަވެފައި ތިބި ބައެކެވެ. މިފޯހުން ތިންހަތަރު ފަހަރެއްގެ މަތިން ކަޅުހުކުރުގައި ރައްޔިތުންގެ އެދުންތައް ދައުލަތުގެ ވިދާޅުވުމުގެ މަތިން ހުށަހަޅަމުން ދިޔަވަގުތު އެތަނަށް ގަދަކަމުން ވަދެގެން ސުލްހަވެރިކަން ނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިއެވެ. އަދި ސިފައިންނަށް ހަމަލާ ދިނުމާއި ތަންތަން ރޯކުރުމުގައި އިސްކޮށް ތިބީ މިދެންނެވި ފޯހުގެ މީހުންނެވެ.
ހަރަކާތްތެރިވީ މަސްތުވެފައި ތިބި ޕާޓޭންނެވެ. ހަރަކާތް ތެރިވުމުގައި، 1990 ވަނަ އަހަރުގެ ބިންބިފޯހެކޭ އެއްވެސް ތަފާތެއް ނެތެވެ. މިކަންތައް ރާވައި ހިންގީ ހަމަހިމޭންކޮށް ހިނގަމުންދިޔަ ރައްޔިތުންގެ އެދުންތައް ހުށައެޅުމުގެ ސުލްހަވެރި އެއްވުން، މުގުރާލައި ވީހާ އަވަހަށް ގާނޫނު އަސާސީގެ، 144 ވަނަ މާއްދާގެދަށުން އިއުލާނުކުރަން ބޭނުންވާ، ކުއްލި ނުރައްކަލުގެ އަމުރު ނެރުމުގެ ބާރު ލިބިގަތުމުގެ ދަހިވެތި ކަމުގައެވެ. އަދި އެފުރުސަތު ވީހާއަވަސް ކުރާށެވެ.
އާދެ! ކަޅުހުކުރުގައި ހަރަކާތްތެރިވި ރިފޯމިސްޓުންނާ ދޭތެރޭގައި ގާނޫނީ އަދި ޝަރުޢީ ފިޔަވަޅެއް ދައުލަތުން އަޅުއްވަންޏާ އަޅުއްވަން ވާނީ، އެއްއުސޫލަކުން އެއްހަމައެއްގައި ޢަދާލަތުގެ ދަށުންނެވެ. ރިފޯމިސްޓުންނަށް ހުކުމެއް އަންނަންޏާ ޔާނުފޯހުގެ ހުރިހާ މީހުންނަށާއި އެތަނަށް ހަޅޭލަވަން އެއްވި ހުރިހާ މީހުންނަށް ވެސް ހުކުމް އަންނަން ޖެހޭނެއެވެ. ފަހެ، މިދެބައި މީހުންވެސް އަމަލުން ކުރީ އެއްކަމެކެވެ. ޖުމްހޫރީ މައިދާނަށް އެއްވީއެވެ. ހަޅޭލަވާ އެކިކަންކަން ކުރީއެވެ.
ކަޅުހުކުރުގައި ރައްޔިތުނެގެ މަޖިލީހުގެ ހއ.މެމްބަރު ކެލާނިޒާމާއި މާލޭ މެމްބަރު އިލްޔާސް އިބްރާހީމާއި ދ.އަތޮޅުގެ މެމްބަރު އިސްމާޢީލް ޒާހިރުއައި، މިފަދަ އެތައްއެތައް ބަޔަކު ހަރަކާތްތެރި ވެފައިވެއެވެ. ޑޮކްޓަރ ފާތިންޙަމީދަކީ ވެސް ކަޅުހުކުރުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގެންނެވި އަންހެން ކަނބަލެކެވެ. މިއީ އެންމެން ދަންނަ ހަގީގަތެކެވެ. ސާފުކޮށް ފެންނަންހުރި ހެއްކެވެ. ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ތާރީޚު އަބަދުވެސް މިކަމަށް ހެކިދޭނެއެވެ. ހަވަރަކީ އެންމެވަރުގަދަ ބާރެވެ. އަދިވެސް މީގެ އިތުރުން އެތައްބަޔަކު އެ އެއްވުމުގައި ބައިވެރިވެފައި ވެއެވެ. މިއެންމެންނާ މެދުވެސް ބެލެވެން ޖެހޭނީ އެއްއުސޫލަކުން، އެއްހަމައަކުން ނެވެ. އިންސާފު ވާންޖެހޭނީ އިންސާފަށެވެ. ވަލްޙަމްދު ލިއްލާހި!
ބޮޑުމަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން:
އާދެ! ދެން މިގެނެސްދެނީ، 2007 ސެޕްޓެމްބަރުގައި “ބޮޑު މަޖިލީހުގެ އިސްގޮނޑިން ދެމޫނުދެއްކުން” މިސުރުޚީގެ ދަށުން އަޅުގަނޑު ލިޔުނު މަޒްމޫނުގައި “ކަޅުހުކުރު” ގެޙާދިޘާއާ ގުޅިގެން ލިޔެވިފައިވާ ބައެވެ. މިއީ މިދުވަހާ ގުޅިގެން ހަދާނަށް ގެންނަން ޖެހޭވާހަކަ ތަކެކެވެ. މިއާޓިކަލް އަޅުގަނޑުގެ ސައިޓް “އިލްޔާސް ހުސައިން އިބުރާހީމް ޑޮޓްކޮމް” ގައި ޝާއިޢުކޮށްފައި ވާނެއެވެ.
“ފަހެ، ދަންނާށެވެ! ބޮޑުމަޖިލީހުގެ ރައީސް ހޮވުމާ ގުޅޭގޮތުންނާއި މިނިވަން ހަރަކާތުގެ ބައިވެރިންގެ ތެރެއިން، ސަރުކާރުން ހަމައެއް ލަމައެއްނެތި ބަންދުކުރަމުން ގެންދާ މީހުންނާބެހޭ ގޮތުން، މަޝްވަރާކުރުމުގެ ބައްދަލު ވުމެއްގައި މައްޗަންގޯޅި ބޯގަންވިލާގައި ތިއްބައި، “ސަމަރޭ” ލައްވާ “ޤާސިމަ” ށް ގުޅައިގެން، އެމަޖިލީހުގެ އެތައް މެމްބަރުންނެއް ގަދަކަމުން ޖުމްހޫރީ މައިދާނަށް ނެރުއްވިއެވެ. ސަމަރޭ، ގާސިމް އަރިހުން އެދިލައްވަނީ، ރައީސް މައުމޫނު އެދިވަޑައި ގަންނަވަނީ، ތިޔައިއްޒަތް ތެރީން، ޖުމްހޫރީ މައިދާނަށް ވީހާއަވަހަށް، ވަޑައިގެން އެތަނުގައި އެއްވެފައިތިބި ރައްޔިތުންނަށް އެކަންނުކުރުމަށް ނަސޭހަތްތެރި ވެދިނުމަށެވެ.
ބޯގަންވިލާއިން ނުކުތް މެމްބަރުންތެރޭގައި އަޅުގަނޑުވެސް ޖުމްހޫރީ މައިދާނަށް ހާޒިރުވީމެވެ. ސަމަރޭގެ މިފޯނުކޯލް، ގާސިމު ރިސީވް ކުރެއްވިއިރު، އޭނާގެ ކައިރީގައި އަޅުގަނޑު ވެސް އިނީމެވެ. އަދި އެއްވެފައިތިބި ރައްޔިތުންނަށް ތަސައްލީދީ، ގެއަށް ފޮނުވާލުމަށް ނަސޭހަތްތެރި ވުމަށް، “އިލްޔާސް އިބްރާހީމް” ވެސް ޖުމްހޫރީ މައިދާނަށް ފޮނުއްވީ، ސީދާ ރައީސް މައުމޫނެވެ. އިލްޔާސާއި ގާސިމުގެ ނަސޭހަތްތަކަށް ރައްޔިތުން ޖަވާބުދިނީ އެމީހުން، އަރައިގެންތިބި ފައިވާން ތަކުންނެވެ. އެދެމީހުންނާ ދިމާއަށް ފައިވާންތައް އުކާހެދީއެވެ. ދެން ފަހެ، މިދެބޭފުޅުންގެ ބަސްއަހާނެ ރައްޔިތަކު ހަވަރުތެރެއަކުން ނުވިއެވެ.
އެހާ ހިސާބުން އެބޭފުޅުން، ފަހަތަށްޖެހި ގެއްލުނީއެވެ. ދެން، އިސްލާހީ ހަރަކާތް ލީޑްކުރީ، ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންގެ ފަރާތުން އެދުރުވެފައި ތިއްބެވި، ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކޮށް ދަސްކުރަމުން ގެންދާ، ސިޔާސީގޮތުން ކިޔަވާކުދީންނެވެ. ރާއްޖޭގެ “ސިޔާސީ ޠާލިބާނުން” ނެވެ. ހަވަރުކުރިމަތީގައި އިލްޔާސާއި ގާސިމް ފެއިލްވީއެވެ. މިދެބޭފުޅުންނަށް ޢާއިލީގޮތުން ހަމްދަރުދީއެއް އެދުވަސްވަރު ގެންގުޅުއްވި، އިބުރާ އެރޭގެ މެންދަމާ ޖެހެންދެން ހިފާއްޓަވާ ލެއްވުމަށް ފަހު، ކާމިޔާބު ނުވަނީސް ލޮލުފިޔައެއް ނުޖައްސަވާނެ ކަމަށް ވަޢުދުބަސްފުޅު ހަރުއަޑުން ވިދާޅުވެފައި ގެއަށް ވަޑައިގަތީ، ވަރުބަލި ވެގެންނެވެ. ހިތްވަރުތަކެއް ކުރައްވާފައެވެ.
ކުރީސަރުކާރު ތެރެއިން ކޮރަޕްޓްވެފައި ތިއްބެވި ދެބޮޑުން ކަމުގައިވާ، ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީއަކީ އަރިމަތީގައި އުޅުއްވި ބޭފުޅުންނެވެ. ގާސިމާއި އިލްޔާސަށް ރުހުންދީފައިވާ މީހުންގެ ގޮތުގައެވެ. ހަގީގަތުގައި މިދެބޭފުޅުންނަކީ އެރޭ، ކުޅިބެއްލެވި ބޭފުޅުންނެވެ. ރައީސް މައުމޫނު، އިލްޔާސާއި ސަމަރޭމެން ލައްވާ މިކަން ކުރެއްވީ، ސިފައިންގެތެރޭގެ ހުރިހާކަމެއް އެމަޖެންސީކޮށް، “ފަތުހުﷲ އާއި ހަމީދާއި ޔާމީން” މެންނައި ހަވާލުކުރައްވާ ފައެވެ.
ހައްޔަރުކުރި ބައެއްމީހުންނާ ދިމާއަށް، “ފަތުޙުﷲ” އެއްޗެތި ވިދާޅުވެ ކޯފާވެހެއްދެވި ކަމަށް ވެއެވެ. ބަންދުކުރި އަސީރުންތައް ގެނެސް ސިފައިންގެ މަރުކަޒު ތެރެއިން ފެނުމުން، ކޯފާއިސް ކުރެއްވުމާއެކު ބާރުބާރަށް ކުޅުޖަހާ ހެއްދެވިކަމަށް ވެއެވެ. އެއްވެފައި ތިބިމީހުންގެ ތެރެއަށް، ގޭންގުތަކާއި އިދިކޮޅަށް ހަރަކާތްތެރި ވާނެމީހުން، ޖުމްހޫރީ މައިދާނަށް، ޔާމީން ގެންދެވީ، އެއްކުރައް ވަމުންނެވެ. އެތަނަށް ފޮނުއްވާއި ޖަމާކުރައް ވަމުންނެވެ.
އަދި އިސްލާހީ ހަރަކާތާ ދެކޮޅަށް ކުރަންވީ ކަންތަކުގެ އިރުޝާދު ދެންވަމުން ގެންދެވީ ސީދާޔާމީނެވެ. ޖެއްސުން ކުރުމަށް ކުރަންވީ ކަންތައްކުގެ އޯޑަރުތައް ނެރެދެއްވީ އެބޭފުޅާއެވެ. އެމީހުންނަށް މެގަފޯންތައް ދިނީ ސިފައިންނެވެ. ފަހެ، ގަނޑުވަރުންރޭވި، މިރޭވުންގަނޑު ފުރޮޅިގެންދިޔައީ، އަނެއްދުވަސް ކަމުގައިވި ހުކުރުދުވަހު، ޤާސިމާއެކު ޑޮކްޓަރ މުނައްވަރާއި ޒަކީއާއި އެތައްބައިވަރު އިއްޒަތްތެރި މެމްބަރުންނެއް ޖަލުގެ ކުޑަގޮޅިއަށް އެތެރެކޮށްލައި ބަންދުކޮށް ލުމަށެވެ. އަދި “ޔާމީނު” މެންލައްވާ، ބަންދުކުރެވުނު މީހުންނަށް ބޭނުންގޮތެއް ހަދާލެއްވުމުގެ ސީދާބާރު އެރުވުނެވެ.
މިހުރިހާ ކުޅިގަނޑެއް ކުޅުއްވީ، ގަނޑުވަރު ތެރެއިން ސީދާ ރައީސްމައުމޫނެވެ. ހުކުރު ދުވަހަށް އިރުއެރުމުގެ ކުރިން، ބަންދުކުރަންވީ މީހުންގެ ނަންތަކުގެ ލިސްޓުއޮތީ ލިޔެތައްޔާރުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. އަޅަންޖެހޭ ފިޔަވަޅުތައް ހުރީތަރުތީބުން ލިޔެ ނޯޓުކޮށް ސިފައިންނާ ހަވާލުކޮށް ފައެވެ. ހުއްދަދެވޭ މީހުންނަށްނޫނީ ނުފުރޭގޮތަށް އޮތީ، ހަމަޖައްސާފައެވެ. ކާފިއޫ ހިންގަވައި އެތައްބައިވަރު، އަސާސީޙައްޤު ތަކެއް ނިގުޅައި ގަތުމަށްފަހު، ތަހުގީގުތައް ހިންގަމުން ގެންދިޔައީ، ސަތޭކަ ފުލުހުންނާއި ސަތޭކަ ސިފައިންގެ ބޭކަލުންގެ، ވަކިޖަމާޢަތެއް ގޮތުގައި އުފެއްދި ކުއްލިބާރަކާ އެކުގައެވެ.
އޮނަރަބްލް އަބްދުﷲ ހަމީދުގެ ދަރިކަލެއް ކަމުގައިވާ އަލްއުސްތާޒު “މައުމޫނުހަމީދު” އަށް، ކުއްލިބާރުތަކެއް ދެއްވައި، އެޔުނިޓުގެ ލީޑަރުކަމުގެ ހުރިހާ ބާރަކާއި އިޚްތިޔާރެއް ދެއްވިއެވެ. މިއީ ސިފައިންގެ މަރުކަޒުން ބޭރުގައި ގައިމުކުރެވުނު ވަކިމަރުކަޒެކެވެ. ވަރަށް މިނިވަން ކަމަކާއެކު ބޮޑުބާރެއްދީގެން ކުރިޔަށް ގެންދިޔަ ވަކި އިދާރީތަނެކެެވެ. މިމަރުކަޒަށް އޯޑަރުތައް ލިބެނީ “ހަމީދު” އާއި “ޔާމީނު” އާއި “ފަތުހުﷲ” އާއި “މައުމޫނު” ގެ މަޝްވަރާގެ މަތިންނެވެ. ގަނޑުވަރު ތެރެއިންނެވެ. ހިތުހުރި ގޮތަކަށް ރޭވުންތައް ރާވަމުން ގެންދިޔަ، މިސިއްރު ކޮމެޓީގެ ރޭވުންގަނޑަށް ބަދަލެއް އައިސް ބުރެކިޖެހުނީ، 2004 ޑިސެންބަރުގެ ބިރުވެރި ސުނާމީ ކާރިޘާއަށް ފަހުގައެވެ.
ފަހެ ދަންނާށެވެ! ނިމިގެން ދިޔަ، ސިޔާސީ، މިކަންތައް ގަނޑު ވެގެންދިޔައީ، އަނެއްކާވެސް “ހަމީދު” ގެ ފޭލިގެއާއި “އިލްޔާސް” ގެ ފޭލިގޭގެ ހަސަދަވެރިކަމުގެ އަލިފާންގަނޑަށް، ދަރުއެޅުއްވުމަށް ރާވާލައްވައިގެން، ކުޅެލެއްވި ސިޔާސީ ހިކްމަތުން ފުރިގެންވާ ކަމަކަށެވެ. ހުންގާނުގައި މިފަހަރު ތިއްބެވީ އަޒުހަރުޓީމެވެ. ފަހެ، މިއުކުޅަކީ ރިފޯމުގެ ވަރުގަދަ ގަސް ބަލިކަށިކޮށް ނިކަމެތި ކުރުމުގެ މަގްސަދުގައި ގޮފިތައް ކޮށާލެއް ވުމަށް، ކުޅުއްވި ސިޔާސީ ކުޅިއެކެވެ.
އިލްޔާސާއި ސަމަރޭއާއި ގާސިމަކީ އެއްފޭލިގެއެއްގެ ބޭފުޅުންނެވެ. އާދެ! މިކުޅިއަކީ، ސިއްރިއްޔާތުގައި އަޒުހަރުޓީމު ކަމުގައިވާ، “ފަތުހުﷲ” އާއި “ޒާހިރުހުސައިން” އާއި “މައުމޫން” އާ، ގުޅިގެން އީޖާދު ކުރެއްވި މޮޅު، ސިޔާސީ ކުޅިއެއް ކަމުގައި އަޅުގަނޑަށް ވަރަށްބޮޑަށް ގަބޫލު ކުރެވެއެވެ. ރައީސް މައުމޫނަކީ، މިފަދަ ސިޔާސީ ކުޅިތައް ރާޒުވާ ގޮނޑީގައި ރާވާލައްވައިގެން ކުޅުއްވުމުގައި ވަރަށް އަރާހުންނެވި ހުނަރުވެރި ޢިލްމު ވެރިއެކެވެ. ފިރުއައުނުންގެ މިސުރުން ދަރިވަރުވެ ވަޑަގެންފައިވާ ސިޔާސީ ލީޑަރެކެވެ. ސިޔާސީ އުކުޅުތައް ކުޅުއްވާ މާހިރެކެވެ.
ކަޅުހުކުރުގައި ކޯއްޓޭ ބޮޑުދިދަ ކަނޑާލަން އުޅުން:
އާދެ! ދިވެހިޤައުމުގެ ސިޔާދަތު ރަމްޒުކޮށް ދެމުންގެންދާ ކޯއްޓޭގައިހުރި ބޮޑުދިދައިގެ ބުޑުން މިކަންތައް، ސިކުނޑިއާއި ހިތާއި ލޮލާއި އަތުން ހިފައި އަދި، ޖިސްމާއި ރޫހުން ތަޖުރިބާކޮށްލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އަޅުގަނޑަކީ، ބޯގަންވިލާގެ ބައްދަލުވުމުން ޖުމްހޫރީ މައިދާނަށް ދިޔަގޮތަށް، އަނެއްދުވަހު، އިސްލާމީ މަރްކަޒުގައި ކުރެވުނު ހުކުރު ނަމާދަށް ތަބާވެ، ޖުމްހޫރީ ބިމުގައި ހުކުރު ކޮށްގެން ގެއަށް ދިޔަމީހެކެވެ.
ފެހެ، ރަލާއި ޑުރަގުދީފައިތިބި ބަދުމާޝް، ތަގުންގެފޯހެއް (ޔާނުފޯސް) މޮޔަވެފައިތިބި ގެރިތަކެއްހެން، ހުކުރުވިލޭރޭ މެންދަމުން އަލިވުމަށްފަހު، ދަންވަރު ވަގުތެއްގައި އައިސް ދިދަދަނޑީގެ ބުޑަށް އަރައިގަތީ ވަރަށް ވަހުޝީ ހާލަތުގައި ހިކިތަކެތިންނާއި ދިޔާތަކެތިން، މަސްތުވެ ތިބެއެވެ. އެވަގުތަކީ، ދުވަހަކުވެސް މިހާތަނަށް ނުލިބޭ ހިތްވަރެއް އަޅުގަނޑަށް، ވެރިވެފައިހުރި ވަގުތެކެވެ. ހުރެވުނީ އެތައްދަރަޖަ އަކަށް ހަކަތަ އިތުރުވެފައެވެ. އަޅުގަނޑަށް އެވަގުތު ހުރެވުނުތަނުން އަޅުގަނޑުގެ ޒިންމާއަކަށް ވެފައިއޮތީ ދިދައިގެވާގަނޑު، ބަދުމާޝް ތަގުންގެފޯހުން، ކަނޑާލިޔަނުދީ ދިވެހިދިދަ ދިފާއުކޮށް ހިމާޔަތްކޮށް ދިނުމެވެ.
އެމީހުން ކުދިފިޔޮހި ތަކާއި ކަޓަރު ގެންގުޅުތަން އަޅުގަނޑުގެ ދެލޮލުން ދުށީމެވެ. އެމީހުން މަސައްކަތްކުރީ، ދިދައިގެވާގަނޑު ކަނޑާލައި ދިދަވައްޓާލުމަށް ފަހު، އެބަދުނާމު އަޅުގަނޑުމެން އެތަނަށް އެއްވެފައި ތިބި، ރިފޯމިސްޓުންގެ ބޮލުގައި އެޅުވުމަށެވެ. އަޅުގަނޑައި ޖެހިގެންހުރީ ވަރުގަދަ ހިތްވަރެއް ދެއްކެވި، މުޖާހިދެއްކަމުގައިވާ، ދާދަރާނަސީމެވެ. މިއީ “ހަމީދު” އާއި “ޔާމީނު” މެން ފަދަ، ބޮޑުން އަޑީގައި ތިއްބަގެން ހިންގުވި ނުބައިނުލަފާ، މުޑުދާރު ރޭވުމެކެވެ.
ސިފައިންގެ ވަށައިގެން މަގުމަތީ ފާރުގެ މަތީގައި ހަދާފައިހުރި ވޮޗްޕޯސްޓު ތަކުން މެގަޕޯނުތައް ބާލައިގެން ސިފައިންގެ ބައެއްގެ އެހީލިބިގެން އެތަނަށް އެއްވި، ސަރުކާރަށް ތާއީދު ދެމުން ގެންދިޔަ ބަޔަކު، ރިފޯމިސްޓުންނާ ދެކޮޅަށް ހަރަކާތް ތެރިވަމުން ދިޔަތަން އަޅުގަނޑު ދުށީމެވެ. މިބައިގަނޑު ލީޑުކޮށްދިނީ ޑޮކްޓަރ ފާތިން ހަމީދާއި ކެލާ ނިޒާމާއި ޢިމާދު ސާލިޙާއި މިފަދަ ޑީއާރުޕީއަށް ނިސްބަތްވާ ބޮޑެތި ބޭފުޅުންނެވެ. އަދި އެތަނަށް އެއްކުރި ޕާޓޭންނެވެ. ސިފައިންނަށް ހަމަލާދިނުމުގައި އުޅުނީވެސް މިބައި ގަނޑުގައި ހިމެނޭ، އެދުވަހު ޖަލުންދޫކޮށް ލެވުނު، ޕާޓޭގުރޫޕެވެ.
ސިފައިންގެ މީހެއްގެ ބަނޑަށް ވަޅިއެއް ހަރާލީވެސް މީގެތެރެއިން މީހެކެވެ. އޮފީސް ޢިމާރާތް ރޯކޮށްލުމަށް އަލިފާން ބޭނުންކުރީ ވެސް އެމީހުންނެވެ. އަދި ހަމައެދުވަހު ޖަލުގެ ދޮރުތައް، ކޮމާންޑަރ އިންޗީފް އާދަން ޒާހިރު ލައްވާ ހުޅުވާލެއްވިއެވެ. ނުލަފާ ފުރާވަރުގެ ޕާޓޭންގެ ގިނަކުދިންތަކެއް ޖަލުން ދޫކޮށްލިއެވެ. އަދި އޭގެ ތެރެއިން ބަޔަކު ދޯންޏެއްގައި މާލެ އައުމުގެ ދަތުރުމަތީގައި ތިއްބާ، ސިފައިންނާ ކުރިމަތިވެ ކުރިމަތިލުން ތަކެއް ހިނގިއެވެ.
މިއީ ދޫކޮށްލި ކުދިންގެ ތެރެއިން މަދުބައެކެވެ. އަދި މާލޭ ޖަލުތަކުން ނުކުތް ކުދިން މިއެއްވުމުގެ ތެރޭގައި ތަގުންގެ ފޯހާއެކުގައި ކުއްލި ހަރަކާތުގައި އުޅުނެވެ. ތަންތަނުގައި އަލިފާން ރޯކުރަންށާއި ސިފައިންނަށް ހަމަލާދޭން އުޅުނު ބަޔަކުވެސް އޭގެތެރޭގައި އުޅުނެވެ. ހަމަގައިމުވެސް މިއެންމެންނަކީ އަނބުރާ ޖަލުތަކަށް ގެންގޮސް ބަންދުކުރެވޭނެ މީހުންނެއް ނޫނެވެ.
އާދެ! ކޯއްޓޭގެ ބޮޑުދިދަ ކަނޑާވައްޓާލުމާއި އެވަގުތު ހިންގި އެހެނިހެން ނުލަފާ ހަރަކާތްތައް، ކާމިޔާބުނުވީ އެމީހުންގެ ނިޔަތާއި މަގްސަދު ރަނގަޅު ނުވީމާކަން ކަށަވަރެވެ. ފަހެ، ދެބައިމީހުންގެ ދެމެދު ހިނގި، ހަމގުރާމައިގެ މިހިނދުކޮޅުގައި އަޅުގަނޑުގެ ހިތަށް، ތަޞައްވަރު ކުރެވެމުންދިޔައީ، ބަދުރު ހަނގުރާމާގައި މުސްލިމުންނަށް ލިބުނު ރޫހާނީބާރާއި ކާމިޔާބު ތަކަށެވެ. އަދި ހަނގުރާމައިގެ މިހިނދުކޮޅަށް ފަހު މާގިނައިރެއްނުވެ، އިސްލާމީ މަރުކަޒުގައި ފަތިސްނަމާދުގެ ޤުނޫތުގައި ޝައިޚު ފަރީދު ވިދާޅުވެދެއްވި ދުޢާއިން އެތައް، އެތައް އިހުސާސް ތަކެއް އިތުރުވެގެން ދިޔައެވެ. ﷲ މިގައުމަށް ބަދަލެއް ގެނެސް ދެއްވުމުގެ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ.
ޖައްބާރު ވެރިންނަށް ޢިބްރަތެއްގެ ގޮތުން ފިލާވަޅެއް ލިބެންވީ ވަގުތަކީ މިއޭ، ހިތަށްއެރިއެވެ. ޝައިޚް ފަރީދުގެ ޖާމިޢު ދުޢާގައި މިހުރިހާ ދިމާއަކަށް އަސަރާއެކު އަލިއަޅުވާ ލެއްވިއެވެ! ނަމާދުގައި ބައިވެރިވި ރައްޔިތުން އެއްއަޑުން އާމީން ހަރުއަޑުން ކިޔަމުން ގެންދިޔައެވެ. ރާއްޖޭގައި އެފަދަދުޢާއެއް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ﷲގެ މިސްކިތަށް ކަރުނައެޅި އެތައް އިޚްލާސް ތެރިންނެއް ތިއްބެވެ.
ރައީސް މައުމޫނުގެ ވަފާތެރި މިނިސްޓަރެއް ކަމުގައިވާ، އޮނަރަބްލް އުމަރުޒާހިރު ފަހަތު ސަފެއްގައި އެދުޢާގެ އަސަރުން، މަޑުމޯޅިވެ، ކީރިތި ކުރައްވަން ހުންނަވަނިކޮށް ފެނުނެވެ. ޝައިޚު ފަރީދު ޢަރަބިބަހުން ވިދާޅުވި ބައިތަކުގެ މާނަ އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާނެކަން ކަށަވަރެވެ. މިއީ އިސްލާމީ މަރުކަޒުގައި ރައްޔިތުންގެ ބޮޑު ޖަމާޢަތަކާއެކު، ކުރެވުނު ތާރީޚީ ފަތިސް ނަމާދެއް ކަމުގައި އަޅުގަނޑު ފާހަނގަ ކުރާނަމެވެ. 2004 ޑިސެންބަރ 25 ގެ ކުރިސްމަސްރޭގެ މަޖާތަކުގެ ތެރެއިން ފާޅުވިއިރުގެ އަލިކަމާހެން ހަގީގީ ސުނާމީއެއް، ރާއްޖެއަށް އަރައި އަނެއްކާވެސް ރައީސް މައުމޫނުގެ ހިތްޕުޅު ބިރުގަންނަވާލެއްވީ، ﷲގެ ކުޅަދުންވަންތަ ކަމުންކަން ކަށަވަރެވެ.
ބަންދުގައި ތިއްބެވި ގާސިމުމެން ފަދަ މީހުންގެ ހައްގުގައި ރައީސް މައުމޫނުގެ އަނިޔާއިން، މިންޖުކޮށް ދެއްވުން އެދި، 99 ޚަތިމު ކުރުމުގެ ކިޔެވެއްޔަކާއި އެތައް އެތަކެއް ވިރުދުތަކާއި ކީރިތިގުރުއާނުން ކިޔެވެލިތަކެއް، މިއަނިޔާތަކާ ގުޅިގެން ކިޔަވާހަދާއި، ﷲއަށް ދެންނެވުނުކަން، އދ.އަތޮޅުގެ ބައެއް ރައްޓެހިންގެ ފަރާތުން އަޅުގަނޑަށް ޚަބަރު ލިބިފައިވެއެވެ. ހަމަގައިމުވެސް ޝައިޚް ފަރީދުގެ ދުޢާއާއި މިދެންނެވި ކިޔެވުންތަކަކީ އެއްވެސް ހުރަހެއްނެތި، ﷲއަށް ސީދާކޮށް ރައްދުވާނެ އަޅުކަމެއްކަން ކަށަވަރެވެ! އެދުޢާތަކުގައި ރޫޙާނީބާރުތަކެއް ހިމެނޭނެކަން ކަށަވަރެވެ! ﷲއީ އަނިޔާ ލިބެމުންދާ މީހުންގެ ދުޢާތައް އައްސަވާއި އިޖާބަކުރައްވާ ކުޅަދުންވަންތަ ކަލާނގެއެވެ.
އާދެ! ޖުމްހޫރީ މައިދާނުގައި ސާބިތުކަމާ އެކު، އެތާއެވަގުތު ތިއްބެވި ކުޅަދާނަ މުޖާހިދުންގެ ބާރާއި ހިތްވަރުން ބަދުމާޝް ތަގުންގެ ވަހުޝީ ރޭވުންތަކާއި މުޑުދާރު މަގްސަދު، ފެއިލް ވެގެން ދިއުމުން، އެވެރިން ދުވެފިލީ އެތައް އަނިޔާތަކެއް ލިބިގެންނެވެ. ލަދުވެތި ހާލުގައެވެ. އަޅުގަނޑާއި ދާދަރާ ނަސީމާއި އެހެންމުޖާހިދުން އެހިނދު ޖިހާދުކުރަމުން ގެންދިޔައީ އެމުޖްރިމުންނަށް ކިތަންމެ އަނިޔާއެއް ވިޔަސް އެންމެރަނގަޅު ކަމަށެވެ. އަދި ދިދައިގެ ވާގަނޑާ ހަމައަށް އެވަޙުޝީ މީހުންގެ އަތްތައް އަޔަނުދޭށެވެ. ﷲގެ ވާގިފުޅާއެކު އެކަން ކުރަންއައި މީހުން ބަލިކޮށް ލެވުނެވެ.
ހަސަނާއި އަންނިއަކީ ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟:
އާދެ! ދެން މިގެނެސްދެނީ، 2008 މޭގައި “ޙަސަނާއި އަންނިއަކީ، ވެރިކަމަށް އެންމެކަމުދާ ޖޯޑުތޯއެވެ؟” މިސުރުޚީގެ ދަށުން، އަޅުގަނޑު ލިޔުނު މަޒްމޫނުގައި “ކަޅުހުކުރު” ގެޙާދިޘާއާ ގުޅިގެން ލިޔެފައިވާ ބައެވެ. މިއީ މިދުވަހާ ގުޅިގެން ހަނދާނަށް ގެންނަންޖެހޭ ވާހަކަތަކެކެވެ. މިއާޓިކަލް އަޅުގަނޑުގެ ސައިޓް “އިލްޔާސް ޙުސައިން އިބުރާހިމް ޑޮޓްކޮމް” ގައި ޝާއިޢުކޮށްފައި ވާނެއެވެ.
“ފަހެ، ދަންނާށެވެ! 2004 އޯގަސްޓް 12، 13 “ކަޅުހުކުރު” ގައި ބަންދުކުރެވުނު ރިފޯރމިސްޓުންނަށް ޤާނޫނު އަސާސީން ލިބިދޭ އެންމެ މުގައްދަސް ހައްގުކަމުގައިވާ، ގާނޫނީވަކީލުން ލިބިދިނުމުގެ ހައްގު ނިގުޅައިގަނެ ރައީސް މައުމޫނުގެ މުށުތެރެއަށް އަސާސީގެ އަސާސީ ހައްގުތަކާބެހޭ އެންމެމުހިންމު މާއްދާތައް ލެއްވުމުގައި އެންމެ އިސްކޮށް ހުންނެވީ، މިހާރު އެމްޑީޕީގެ މުގައްދަސް ވަތުތަށީގައި ބައިންދަން ގަސްތުކުރާ ޖޯޑެވެ. އޭރުގެ ބަންޑާރަ ހަސަނެވެ.
ފަހެ މިޖޯޑަކީ، އެފަދަސާފު ތާހިރު ވަތުތައްޓަކަށް އެކަށީގެންވާ ޖޯޑެއްނޫނެވެ. ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާބެހޭ ގިނަމާއްދާތަކެއް އަސާސީގެ، 144 ގެ ދަށުން ކަމަށްބުނެ، ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވައި، އެމާއްދާތަކަށް އަމަލު ނުކުރެވޭގޮތަށް ސަސްޕެންޑްކޮށް، ބަންދުކުރުވީ ސީދާ ހަސަނެވެ. ދެވަނަމީހެއް ނޫނެވެ. ހަސަނާއި ޑޮކްޓަރ މަހްމޫދުޝައުގީ އިސްކޮށް ތިއްބަވާ ގޮތަށް އުފެއްދުނު، ވަރަށް ޚާއްސަ ރިޔާސީ ކޮމެޓީ އަކުން، އެކަމުގައި ތާށިކުރި އެންމެންނަށް ދައުލަތުގެ ބާޣީންގެ ނަމުގައި އެތައް އަނިޔާތަކެއް ކުރިއެވެ.
ތަހުގީގުތައް ރާވާއި ބައްޓަންކޮށް ކުރިޔަށް ގެންދިޔައީ އެމީހުންނަށް ފެނުނުހާ މުޑުދާރު ގޮތަކަށެވެ. ވަރަށް އަނިޔާވެރި ކޮށެވެ. ޢަދުލް އިންސާފެއް ހަމައެއް ލަމައެއް ނެތިއެވެ. ލާއިންސާނީ ކޮށެވެ. އަލްއުސްތާޒު މައުމޫނު ހަމީދު އިސް މުޝީރަކަށް ކޮމާންޑުގައި ބަހައްޓައިގެން ނެވެ. ދުއިސައްތަ ވަރަކަށް ސިފައިނާއި ފުލުހުން އޭނާގެ ދަށަށް ދީގެން މުޅިން ވަކިއޮފީހެއް، ސިފައިންގެ މައިމަރުކަޒުން ބޭރުގައި ހަދައިގެންނެވެ.
ހައްޔަރުކުރި މީހުންނަށް، ޖިސްމާނީ ގޮތުންނާއި ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުން ސިފައިންނާއި ފުލުހުން ކުރި ހުތުރު ދުއްތުރާތަކުގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ސީދާ ބަންޑާރަ ހަސަނެވެ. ޖިންސީގޮތުން ފިރިހެނުންނަށް ކުރިއަނިޔާތައް އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަލްފާޟިލް ފުރަހަނި ޝުޢައިބުއަލީއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ.
އަންހެނުންނަށް ޖިންސީގޮތުން ކުރި އަނިޔާތައް އެމްޑީޕީގެ މެންބަރު އަލްފާޟިލާ އެލީނާ އަހްމަދު އައްބާސް، ދޮންބިއަށް ވަރަށް ތަފްސީލުކޮށް ކިޔައިދެއްވަން އެނގޭނެއެވެ. މިހުރިހާ ކަމެއްގެ މޭސްތިރިއަކަށް ހަސަނު ހުންނެވި އިރު، އެހީތެރިއަކަށް، އަދި އިސް ތަރުޖަމާނަކަށް ހުންނެވީ، އެމްޑީޕީގެ މުގައްދަސް އިސްލާހީ ހަރަކާތް ފުނޑުފުނޑު ކޮށްލާއި ޖަނާޒާއަށް ގޮވާލެއްވި، ޑޮކްޓަރ އަހްމަދު ޝަހީދެވެ. ރައީސް މައުމޫނުގެ ޖައްބާރު ޚާރިޖީވަޒީރެވެ. ރައްޔިތުންނަށް އެތައް އަނިޔާތަކެއް ވެފައިވާ މީހެކެވެ. ރާއްޖެ ސެކިއުލާކޮށް ލާދީނީކުރުމުގެ މުގުލުގައި ހުންނެވި ޔަހޫދީޚިޔާލުގެ ބޭފުޅެކެވެ.
ފަހެ މިބޭފުޅުން، މިހާރު ލަދެއް ނުގަނޭތޯއެވެ؟ ރައްޔިތުންގެ ހިތްތަކުން މިފަދަ އަނިޔާވެރި، ޖާހިލީ ކަންތައްތަކަކީ، ހަދާންނެތި ކޮށްލާއި ފޮހެލެވޭނެ ކަންތައްތަކެއް ނޫނެވެ. މުޖުރިމުން އަބަދުވެސް ވާނީ މުޖުރިމުން ނަށެވެ. ހަކުރުވާނީ ހަކުރަށެވެ. ލޮނުވާނީ ލޮނަށެވެ. ގެއްލިއްޖެ އަބުރަކީ އަނބުރާ ހޯދޭނެ އެއްޗެއް ނޫނެވެ. ކެނޑިއްޖެ ބިކުރަކީ އަނބުރާ ގެނެވޭނެ، އަދި އިޢާދަކުރެވޭނެ އެއްޗެއް ނޫނެވެ. ފައިސާއާއި ވަގުތު ބޭކާރުކުރެވި ދާނެއެވެ. ރައްޔިތުންގެ ޚިޔާލާތާއި ފިކުރު، ބަދަލެއް ނުކުރެވޭނެއެވެ. ޝައްކެއް ނެތެވެ! މިކަން ދަންނާނެ ބަޔަކު އަބަދުވެސް ދިވެހި ހަވަރުގައި ތިބޭނެއެވެ.”
ވައްލޯހުއަޢުލަމު!