ޖަވާހިރުވާދީ އިލްޔާސް، ހަތަރުވަނަފަހަރު ޖަލަށްލުން.

ޙަސަން އީވާން ނަސީމް، މ.އޭޝިޔާ މާލެ އަށް ޖަލުގައި އަނިޔާކޮށް މަރާލުމާއި ޖަލުގައި ގައިދީންގެ ތެރެއަށް ބަޑިޖަހައިގެން ބަޔަކުމަރާލުމަކީ، ދިވެހިގައުމު ސިއްސުވާލި އާދަޔާޚިލާފު ކުއްލިޝޮކެކެވެ. މިކަމާޝައްކު އުފައްދާނެ ދިވެއްސެއް ނުހުންނާނެކަން ކަށަވަރެވެ.

ފަހެ ދަންނާށެވެ! 19 އަދި 20 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަހާއި ހޮނިހިރު ދުވަހަކީ، ދިވެހިތާރީޚުގައި ފާހަގަކޮށް ފަވާލެވިފައިވާ ވަރަށްތާރީޚީ ދެދުވަހެވެ. އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެނުން ވެގެންދިޔައީ ޒަމާންވީ ވެރިކަމުގެ މިސްރާބު އިސްލާހައި ދިމާއަށް ބަދަލުކޮށްލި އިސްތިރާތީޖީ ޝޮކަކަށެވެ. މިޝޮކާގުޅިގެން ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ކެކިގަނެ އުތުރިއެރިއެވެ. އަނިޔާވެރިކަމާ ދެކޮޅަށް ތެދުވިއެވެ.

އަދި އެކަމާވިދިގެން އޭގެއަނެއް ދުވަސް ކަމުގައިވާ، ހޮނިހިރުދުވަހު މާލޭގައި ޒުވާނުންތަކެއް މަގުމައްޗަށް ނުކުމެ، ސަރުކާރަށް ދައްކާލީ ވަރަށްޒަމާނީ އިހްތިޖާޖެކެވެ. ސަރުކާރު ސިއްސުވާލި ބިރުވެރިކަމެކެވެ. މިހާރުގެ ގޮތުން ދަންނަވަނީނަމަ، ސަރުކާރަށް ގޮންޖެހި މޮޑަންތުރެޓެކެވެ. ސްޓުރެޓެޖިކު ޝޮކެކެވެ.

ދެންމީގެފަހުން އެފަދަނުރައްކާތަކުން ސަލާމަތްވުމަށް ސަރުކާރަށް މަޖްބޫރުވީ، ރައްޔިތުންގެ ވިންދާއެއްގޮތަށް ރައްޔިތުން ގޮވަމުން، އަޑުއުފުލަމުން ގެންދިޔަ އިސްލާހުތަކާ ދިމާއަށް ގައުމުގެ މިސްރާބު އަނބުރާލާށެވެ. ސަރުކާރަށް މިކަންތައް މިގޮތަށް ކުރުމަށް މަޖުބޫރުވިއެވެ. ހަމައެރޭ އިރާކޮޅު ރައީސް މައުމޫނު ދިވެހި ގައުމައި މުޚާޠަބު ކުރެއްވިއެވެ. ކުރުތަގްރީރެއް ދެއްވިއެވެ.

މައްޗަށް ޖައްވަށް ފަޒާއަށް ދިވެހިންގެ ގަޔަށް ބަޑިޖަހަން ޖެހުނުކަމަށް އިޢުތިރާފްވެ ވަޑައިގަތެވެ. އަދި މާލަސްތަކެއް ނުވެ، އިސްލާހީ އެޖެންޑާއެއް އިއުލާނު ކުރެއްވިއެވެ. ހިއުމަން ރައިޓުސް ބިލަކާއި ސިވިން ސަރވިސް ބިލެއް މަޖިލީހަށް ވައްދައި އަވަސް މުއްދަތެއްގައި އަމަލީސިފަ ގެނެވުނެވެ. އަދި އިދިކޮޅު ފަރާތްތަކުގެ އިސްލާހީ ހަރަކާތްތައް ބޭރާއި އެތެރޭގައި ވަރަށްބާރު ސްޕީޑުގައި ކުރިޔަށް ގެންދަން ފެށުނެވެ.

ފަހެ، ދަންނާށެވެ! ދުނިޔޭގެ ތާރީޚަށް ނަޒަރުކުރާއިރު ޚުދުމުޚްތާރު ދިގުމާޒީއެއް އޮންނަ ގައުމުތަކުގައި ސަރުކާރު އަޑީގައި އޮވެގެން މިޒާތުގެ ނުލަފާކަންތައް، ގައުމުގެ ސިޔާސީ ކުރިމަގު އެހެންދިމާއަކަށް ބަދަލުކޮށްލާއި ޓްވިސްޓުކޮށް ލުމަށްޓަކައި ވަރަށް ސިއްރުގޮތުގައި ރާވައިގެން ތަންފީޒުކޮށްފައި އެބަހުއްޓެވެ. ޖަލުފަދަ ތާކުން މީހަކު މަރާލާއި މާސިންގާ ކަންތައްގަނޑެއް ހިންގާލުމުގެ ފޮރުވިފައިވާ އަމާޒަކަށް، އަދި ފައިދާއަކަށް ވެފައި އޮންނާނީ، ވެރިމީހާ އިތުރަށް ހިންދެމިލާއި ސަރުކާރު ކުރިޔަށްވުރެ ވަރުގަދަކޮށް ލުމެވެ. އިދިކޮޅު އިސްލާހީ ހަރަކާތްތައް ހިނދުކޮޅަކަށް ފަނޑުކޮށްލާއި މަރާލުމެވެ.

ޔަހޫދީންގެ ކޮންސްޕިރެސީ ތިޔަރީގެ ދަށުން ހަރަކާތްތެރިވާ، ބިލްޑަރބާރގު ގުރޫޕުން، އިސްލާމީ ގައުމުތައް ޔަހޫދީންގެ މުށުތެރެއަށް ލުމުގެ ބޭނުމުގައި މިފަދަކަންތައް ރާވައިދީފައި އެބަހުއްޓެވެ. އެއީ ދުނިޔެއަށް ވެރިވާން ބޭނުންވާ ސިއްރު ދައުލަތެވެ. އިސްލާމީ ގައުމުތަކުގައި އުފެދިފައި ހުންނަ، އިސްލާހީ ހަރަކާތްތައް ނެތިކޮށްލާއި ސިޔާސީ ލީޑަރުންތައް ދިގުމުއްދަތަށް ބަންދުކޮށް ނެތިކޮށްލުމަށް މިފަދަ ސިޔާސީ ރޭވުންތައް ރާވައިގެން ހިންގާފައި އެބަހުއްޓެވެ. މިރޮނގުން ވިސްނައިފިނަމަ، އަޅުގަނޑަށް ފާހަގަކޮށްލެވޭ ހަތަރު ނުކުތާއެއް މިތާގައި ފާހަގަކޮށް ލާނަމެވެ.

އެކެއް: ޖަލުގައި އިސްކޮށް ހުންނެވި އިސްބޭފުޅަކު އެދުވަހު އެވަގުތުގައި މައިދާނުން ދުވެފިއްލެވުން ހިމެނެއެވެ. ހިންމަފުށީ ތެރެއަށް ދެމިގަނެ ގެއްލުނީއެވެ. މީނާއަކީ، އަމިއްލަ ސަލާމަތަށް، ޖަލުމީހުންނާ ބެހޭގޮތުން މިނިސްޓްރީ އޮފް ޑިފެންސަށް ވަރަށް ތަފްސީލީ ސިޓީއެއް ލިޔެފައިވާ މީހެކެވެ.

ދޭއް: އީވާން ނަސީމުގެ މަންމަ އޭނާގެ މަރާލެވިފައިވާ ދަރިފުޅުގެ ހަށިގަނޑު ހޮސްޕިޓަލުގައި އޮއްވައި ވަރަށް އުނދަގުލުން ހުރަސްތަކައިއެކު ވެސް ކަޝްފުކޮށް ބެލުމަށްފަހު، ސަޙަރާއަށް ގެންދެވުނެވެ.ހަމައެއާއެކު، ރާއްޖޭގައި ފިލްމީތަރިއެއްގެ ގޮތުގައި އުޅުއްވާ، މ.ބިގްފިޝް އަލްފާޟިލް ޔޫސުފްރަފީޢު (ޔޫސޭ) މެންފަދަ ބޭފުޅުން، ސަހަރާއަށް ވީހާގިނަ ރައްޔިތުން އެއްކުރުމަށް ގަދައަޅާ އަމަލީގޮތުން ޙަރަކާތްތެރިވެ މަސައްކަތްކުރުން ހިމެނެއެވެ. މީގެތެރޭގައި އޭނާ، އަޅުގަނޑަށް ގުޅާފައި އަވަހަށް ސަހަރާއަށް ދިއުމަށް އެންގިއެވެ.

އަދި އަޅުގަނޑު ލަސްވުމުން ސައިކަލެއްގައި އަޅުގަނޑުބަލާ މީހަކުފޮނުވައިގެން ސަހަރާއަށް އަޅުގަނޑު ގެންދިއުން ހިމެނެއެވެ. ޕާޓޭންގެ ގްރޫޕުތަކެއް ސަހަރާގަ އާއި މަގުމަތީގައި އިސްކޮށް ހަރަކާތްތެރިވުން ހިމެނެއެވެ. ރާއިދު މެންކަހަލަ ސިފައިންގެ ތެރޭގައި ތިބި ޖާސޫސުންނާ ޕާޓޭންނާ އޮންނަގުޅުން ހިމެނެއެވެ. އަދި ރާއިދުއާއި އިބުރާއައި އާދަޔާޚިލާފު ގުޅުންތަކެއް އެދުވަސްވަރު އޮތެވެ.

ތިނެއް: މިކަމާގުޅިގެން މާލެތެރޭގައި ހިންގުނު ހުރިހާކަމެއްގައި ހަރަކާތްތެރިވި މީހުންނާއެކު އެންދެރިމާގޭ އައްބާސް އިބްރާހީމްގެ ދަރިކަލެއް ޕާޓޭންގެ ގުރޫޕަކާއެކު އެންމެ އިސްކޮށް ހަރަކާތްތެރިވުން ހިމެނެއެވެ.

ހަތަރެއް: މިކަމާގުޅިގެން ސިޔާސީމީހަކަށް އެންމެފުރަތަމަ އަޅުގަނޑު ޖަލަށްލުން ހިމެނެއެވެ. ކުރެވުނު ސުވާލުތަކުގައި ސަހަރާއަށް ދިއުމަށް ގުޅީ ކާކުތޯއާއި ސަހަރާއަށް ގެންދިޔައީ ކާކުތޯ ސުވާލުކުރުން ހިމެނެއެވެ. އަދި ޟިޔާ އައްބާސްމެން މާލެތެރޭގައި ހިންގި ޣައިރުޤާނޫނީ ހުރިހާކަމެއް އަޅުގަނޑުގެ ބޮލުގައި އަޅުވާއި ސިޔާސީ ކަމަކަށް ބަދަލުކޮށްލަން، ސިފައިންގެ ތެރޭގައި ތިބި އެޖެންޓު ޖާސޫސުންކުރި ގިނަގުނަ މަސައްކަތްތައް ހިމެނެއެވެ. ސެޓުކޮށް ރާވާފައިއޮތީ މާލެތެރޭގައި ޕާޓޭގުރޫޕުން ހިންގިހުރިހާ ކަމަކީއަޅުގަނޑަށް އެންގިގެން އަޅުގަނޑުގެ އަތެއްއޮވެގެން ހިންގުވާފައި ހުރި ކަންކަމަށް ހެދުމަށެވެ.

އެހެނަސް މިހާދިސާއަކީ މިފަދަ ރޭވުންތައް އަޑީގައި ހުރި ބައިނަލް އަގްވާމީ ވަރުގަދަ ބުއްދިއެއްގެ ޝިކާރައެއް ކަމަކަށް، އަޅުގަނޑު ހިތުގެއަޑިން އެކުގައި ގަބޫލުކުރާކަށް ނެތީމެވެ. ޖެހޭނީ އިތުރު ދިރާސާތައް ހަދާށެވެ. ޖަލުގައި އިސްކޮށްތިބި މީހުންނާ ދޭތެރޭގައެވެ. އެދުވަހުގެ ފޯންކޯލްތައް ހިންގާފައިވާ ގޮތްތަކާ ދޭތެރޭގައެވެ. ކޮންމެއަކަސް މިފަދަ ސިޔާސީ ކަންކަމުގައި އެންމެކުރިން ހައްޔަރުކުރާ މީހަކަށް އެދުވަސްވަރު ހަދާފައިވަނީ ސީދާ އަޅުގަނޑެވެ.

އަޅުގަނޑަކީ ރައީސް މައުމޫނު ވެރިކަމުގައި ސިޔާސީގޮތުން ކަތިލާ “ކަޅުކަންބަޅި” އެވެ. އެހެންވުމާއެކު، ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހުމުން މާލެތެރޭގައި ބަޔަކުމީހުން ނުކުމެހިންގި ޒަމާނީ ނުރައްކާތަކުގެ ތުހުމަތުގައި އަޅުގަނޑު ގެންގޮސް ޖަލަށްލާއި ދުވަހަކުވެސް ނުހިންގާހާވަރުގެ ބޮޑުތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވައިގެން، ސަރުކާރުން ހިންގާފައިވާތީ މިވާހަކަތައް ތަފްސީލުކޮށް ލިޔަން، އަޅުގަނޑު ގަސްދުކުރީއެވެ.

އަޅުގަނޑު މިވާހަކަތައް ލިޔަންމިފެށީ، ތަންކޮޅެއް ކުރިޔާލައި އެއަހަރުތެރޭގައި އަޅުގަނޑަށް ފެނިފައިހުރި ހުވަފެންތަކަކާ ހަމައިންނެވެ. އަޅުގަނޑަކީ އޭރޫ ސައުވީސްގަނޑި އިރު ގައުމީކަންކަމާ ވިސްނާމީހެކެވެ. މިޙާދިޘާ ހިންގުނު، 19 ސެޕްޓެމްބަރ ވީހުކުރު ދުވަހާހަމައަށް މިތާނގައި ނޯޓުކޮށްލަން ޖެހޭވަރުގެ ފަސްހުވަފެނެއް އަޅުގަނޑަށް ފެނިފައި ވެއެވެ. އަޅުގަނޑު ފަށާނީ، އަޅުގަނޑުގެ ރަށްޓެއްސެއްގެ ހުވަފެނަކުންނެވެ.

ފުރަތަމަ ހުވަފެން:

މިއީ، 24 ފެބްރުއަރީ 2003މ. 23 ޛުލްޙިއްޖާ 1423ހ، ވީހޯމަ ދުވަހު އަޅުގަނޑުގެ ރަށްޓެއްސެއް ކަމުގައިވާ، އަލްފާޟިލް އަބްދުލްޙަމީދު (މުނިސިޕަލްޓީ ޙަމީދު) އަށް ފެނުނު ހުވަފެނެކެވެ. އޭނާއަށް މިހުވަފެން ފެނުމުން، 24 ފެބްރުއަރީ 2003 ވީހޯމަ ދުވަހު ހެދުނު، 9:45 ގައި އަޅުގަނޑަށް ގުޅާފައި ވިދާޅުވަނީ، ރޭގައި އޭނާއަށް، (މުނިސިޕަލްޓީ ޙަމީދަށް) ހުވަފެނުން ފެންނަނީ، އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު މިސްޓަރ ޓޯނީބްލެޔަރ އާއެކުގައި އިލްޔާސް ލޮނުޒިޔާރަތް ކޮޅުގައި ތިންފައިކަށިލީ، (ތިންބާރުވަކިކުރާގާ) ޓެޓްރާރޕޮޑް ބަހައްޓާފައިހުރި ސަރަހައްދުގައި މަސްކާށިކާން އުޅޭތަނެވެ. ޙަމީދު ވިދާޅުވަނީ މިއީ ރޭގައި އޭނާއަށް ފެނުނުހުވަފެނެކެވެ. ޖޯކެއްނޫނެވެ. ހަމަތެދު ހަގީގަތެކެވެ. އިލްޔާސް ގަބޫލްކުރެއް ވިޔަސް، އަދި ނުކުރެއް ވިޔަސް ކުރާނެކަމެއް ނެތެވެ.

އަޅުގަނޑު މިހުވަފެން ތަޢުބީރުކޮށް މިއީ ރަނގަޅު ހުވަފެނެއްކަމަށް ގަބޫލުކޮށް، ﷲއަށް ޝުކުރު ދަންނަވާއި ޙަމްދުކުރީމެވެ. އަޅުގަނޑަކީ ލޮނުޒިޔާރަތް ކޮޅުގައި މީގެއެތެއް ދުވަހެއް ފަހުން، އަބްޖީފައިސާ ދެއްވިމާ، ތިންބާރުވަކިކުރި ސަރަހައްދުގައި ފުރަތަމަ ފަހަރަށް މަސްކާށިކެއުން އިސްލާހީ އެކްޓިވިސްޓުން ލައްވާ، ހިންގިމީހާއެވެ. އަދި އޭގެފަހުން އެކަން އާލާވެ ބޮނޑިބަތަށް ބަދަލުވެ، ބޮޑެތި ސިޔާސީ ހަރަކާތްތައް އެސަރަހައްދުގައި ހިންގިފައި ވެއެވެ. ވީމާ ޙަމީދަށް ފެނިލެއްވި ހުވަފެނުގައި ހަގީގަތެއް ވެއެވެ.

މިހުވަފެނާމެދު އަޅުގަނޑުގެ ތަޢުބީރަކީ، ޙަމީދަކީ މާލޭ މުނިސްޕަލްޓީގައި އިސްކޮށް ހަރަކާތްތެރި ވެލައްވާ ބޭފުޅަކަށް ވެފައި، އަދި ތިންފައިކަށިލީ ޓެޓްރާރ ޕޮޑްތަކާ ގުޅުންހުރި ބޭފުޅަކަށް ވެފައި، ޑޮކްޓަރ ވަހީދާއި ގޯގޯލަތީފާއި ގާސިމް އިބްރާހީމްމެން އޭރުގެ މަޖިލީހުގައި ފެއްޓެވި އިސްލާހީ ހަރަކާތުން ފެށިގެން ރާއްޖޭގެ އިސްލާހީ ހަރަކާތަށް ސަރުކާރު ތެރޭގައި ހުރެގެން ތާއީދުދީ، އަބަދުވެސް އެހަރަކާތުގެ ވާހަކަތައް އަޅުގަނޑުގާތުން އަހާއި އޮޅުންފިލުވައި ހައްދާ ބޭފުޅަކަށްވާތީ، މިކަހަލަ ހުވަފެނެއް ފެނުނީކަމަށެވެ.

ދެވަނަ ހުވަފެން:

މިއީ، 11 މާޗް 2003މ. 08 މުޙައްރަމް 1424ހ، ވީއަންގާރަ ދުވަހެވެ. މިހުވަފެން ފެނުނީ، އެރޭފަތިހު، 5:25 ގައި ފަތިސްނަމާދަށް ބަންގިގޮވުމަށް ފަހުގައެވެ. އިރުއެރުމުގެ ކުރީގައެވެ. ފެންނަނީ އިންޑިޔާގެ ބޮޑުހޮސްޕިޓަލެއްގެ އެތެރެއެވެ. ޑޮކްޓަރަކަށް ހުންނެވީ، ޓްރިވަންޑްރަމް ޕީއާރުއެސް ހޮސްޕިޓަލުގެ ސީނިއަރ ސާރޖަނެއް ކަމުގައިވާ، ޑޮކްޓަރ ޝަރްމާއެވެ.

ހޮސްޕިޓަލުގެ ޢިމާރާތް ތެރޭގައިހުރި އެންމެވަރުގަދަ މައިތަނބުހުރީ މަތިންއެކުގައި ކަނޑައިގެންގޮސް ތިރިންވެސް ބިނދިފައެވެ. ވަރަށް ބަލިކަށިވެފައެވެ. އެތަނބު ހިފޭއްޓުމަށް ޖަހާފައިހުރީ ވަރަށްވަރުގަދަ އެންމެ ދެމޮހޮރެވެ. ހުރިހާކަމެއް ފުރިހަމަވަމުން ދިޔައީ އެދެމޮހޮރުގެ ސަބަބުންނެވެ. އަދި އެދެމޮހޮރުގެ ބާރުން، ތަނބުހުރީ ވަރުގަދަކޮށް ހިފޭއްޓިފައެވެ. ހޮސްޕިޓަލްގެ ޢިމާރާތްވެސްހުރީ ސާބިތުކަން މަތީގައި ހިފޭއްޓިފައެވެ. ބަރާބަރަށް މަސައްކަތް ކުރަމުން ގެންދެއެވެ.

ދެންފެންނަނީ އޮޕްރޭޝަން ޓިއޭޓަރގައި އޮޕްރޭޝަނަކަށް ތައްޔާރުވެފައި ވަނިކޮށެވެ. ޑޮކްޓަރ ޝަރުމާ ތައްޔާރަށް ހުންނެވިތަނެވެ. އޮޕްރޭޝަން ކުރަން، ތައްޔާރަށް ބާއްވާފައިއޮތީ އަޅުގަނޑުގެ، 7 މަހުގެ ހަގުމަންޖެ، ރަމްޙާ އިލްޔާސް ހުސައިން އިބްރާހީމް (ރޭމް) އެވެ. މިފަށަނީ ވަރަށް ބޮޑުއޮޕަރޭޝަނެއް ކަމަށް ޑޮކްޓަރ ޝަރުމާ ވިދާޅުވުމުން އަޅުގަނޑު ދެރަވެގެންއުޅޭ މަންޒަރުފެނެއެވެ. ހޮސްޕިޓަލުގެ ޢިމާރާތުގެ މައިތަނބު ރެނދުއަޅާއި ބިނދިފައިވާތީ އެކަމާ އަޅުގަނޑު ދެރަވެގެން އުޅޭމަންޒަރު ފެނެއެވެ.

މިމަންޒަރު ފެންނަމުންދަނިކޮށް ހޭލެވުނުއިރު، އަޅުގަނޑުގެ އަންހެނުން ރުކްޝާނާ ރުކު، އަޅުގަނޑު ކައިރީގައިހުރި ސޯފާސެޓްގެ ވަކިގޮނޑިއެއްގައި އިށީދެގެން އިނެވެ. އަދި އަޅުގަނޑުގެ، 2 އަހަރުގެ ދޮށީމަންޖެ، ތަންހާ އިލްޔާސް ހުސައިން އިބްރާހީމް (ޓޭން) އެމަންޖެގެ މަންމަކައިރީގައި އެމަންޖެ ޕުއްޕުލާން ގެންގުޅޭ ޕުއްޕުގޮނޑީގައި އިށީދެގެން ޕުއްޕުލާން އިނެވެ. އަޅުގަނޑު ނިދާފައިއޮތީ ސިޓިންރޫމް ކާޕެޓްމަތީގައި ބާލީހަކާއި ރަޖާގަނޑެއް ބޭނުންކޮށް ގެންނެވެ. ހޭލެވުމުން އަވަހަށްގަޑި ބަލައިލިއިރު، 5:25 ހިނގަނީއެވެ. އޭރުވަނީ ބަންގިގޮވާ ނިމިފައެވެ.

ދެން ތެދުވެ ފަތިސްނަމާދު ކުރުމަށްފަހު، ފެންވަރާއި، ހެނދުނު ސައިބޮއިގެން އޮފީހަށް ދިއުމަށް ނުކުންނަންދެން، ޓޭން އުޅުނީ އަޅުގަނޑާ އެކުގައެވެ. އެއްގޮތަކަށް ވެސް އަޅުގަނޑާ ދުރަށްނުދެއެވެ. ރޭމް އޮތީނިދާފައެވެ. މިހުވަފެނާމެދު އަޅުގަނޑު ވިސްނާލުމަށް ފަހު، ހުވަފެނުގެ މިލިޔުންކޮޅު ނޯޓުކޮށްފައިވަނީ، މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑުގެ ރަސްމީކޮޓަރީގައި އިނދެގެންނެވެ.

އަޅުގަނޑުގެ ތަޢުބީރަކީ، މިހުވަފެނަކީ މާބޮޑު ސިޔާސީ ހުވަފެނަކަށް ނުވިޔަސް ޢާއިލީގުޅުމާއި އަމިއްލަޒާތަށް ނިސްބަތްވާ ހަރުދަނާ ހުވަފެނެކެވެ. ރޭމްއަށް ރުކު، ބަނޑުބޮޑުވެ ވިހަންވީ ދުވަސްވަރު ރުކު، އުޅުނީ ވަރަށްބަލިވެއެވެ. ބަނޑަށް، 8 މަހުގައި އިންޑިޔާއަށް އަޅުގަނޑުމެން ދެމީހުން އެކަނި، ޓްރިވަންޑަރަމްގެ ޕީއާރުއެސް ހޮސްޕިޓަލުގައި އެޑްމިޓްވެތިބެ، ރޭމް ވިހެއުމުގެކުރިން ޑޮކްޓަރ ޝަރުމާ އިސްކޮށް ހުންނަވައިގެން ރުކުގެ ވަރަށްބޮޑު އޮޕަރޭޝަނެއް ކުރަންޖެހުނެވެ.

މިއޮޕަރޭޝަނަށް ފަހު، ރޭމް ނެގީ ދެވަނަ އޮޕަރޭޝަނެއްކޮށް ގެނެވެ. މިދެކަންތައް އެއްފަހަރާ ދިމާވުމުން އަޅުގަނޑު އުޅެއްޖެހުނީ ވަރަށްއެކަނި ވެރިކޮށް، އަދި އެހާމެބުރަކޮށެވެ. ވަރަށް ހިންމަތާއި މިންނަތުގައެވެ. ހުރިހާކަމެއް ހިންގީ އަމިއްލައަށެވެ. އެހެނަސް ހުރިހާކަމެއް ވެސް ހަމަޖެހިގެން ދިޔައީ، ﷲގެ ރަޙްމަތުން ވަރަށްފުރިހަމަ ކޮށެވެ. އުފާވެރިކޮށެވެ. 2 އަހަރުގެ ޓޭން ހުރީ، މާލޭގައި އަޅުގަނޑުގެ މަންމަކައިރީގައެވެ.

ފަހެ، މިހުވަފެނުން އަޅުގަނޑަށް ހަދާންވެގެން މިދަނީ، ވަރަށްހިންމަތާއި މިންނަތާއެކު ބުރަކޮށް އުޅެންޖެހުނު، އެދުވަސްވަރެވެ. އަދި މުޅިހޮސްޕިޓަލް ހިފޭއްޓިފައިހުރީ، އެންމެދެމޮހޮރުގެ ބާރަކުންކަމަށް ހުވަފެނުގައި އެފެނުނީ، އަޅުގަނޑުގެ ދެބޭންކަމުގައިވާ ޓޭންއާއިރޭމްގެ ސަބަބުން، އަނދިރި ކަމެއްގެ ތެރޭގައިވާ، އަޅުގަނޑުގެ ސިޔާސީޙަޔާތަށް ކުރިމަގުގައި ލިބިގެންދާނީ، ބަދަހި ހިއްވަރެއް ކަމަށާއި އިތުރުކުރިއެރުމެއް ކަމަށެވެ. އެހެނަސް ލޮބުވެތި މިފަދަ ތުއްތުކުދިން ކޮޅަކާވަކިން ޖަލުގެ ކުޑަގޮޅީގެ އަނިޔާގައި ބަންދުވާން ޖެހިދާނެކަމެވެ.

އެދުވަސްވަރަކީ، ސިޔާސީގޮތުން ވަރަށްގަދަޔަށް އަޅުގަނޑަށް ފާރަލާއި ޚާއްސަ ފައިލެއް މިނިސްޓްރީ އޮފް ޑިފެންސްގައި ބާއްވައިގެން ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރަކަށް ވުމުން، މިހުވަފެނުން އަޅުގަނޑުގެ އަޒުމްއާވެ ކުރިޔަށް ދިއުމަށް އިތުރުހިތްވަރު ލިބިގަތީމެވެ. އިތުރަށް އަޒުމް ވަރުގަދަކުރީމެވެ.

މިދުވަސްވަރު އަޅުގަނޑުގެ މިނިސްޓްރީގައި ހުންނަ އަޅުގަނޑުގެ މޭޒުމަތީގައި ހުރި ރަސްމީފޯނާ ގުޅާފައި ހުރި ފޯނުނަރުން އެއްނަރު ބުރިކޮށްލާފައި އެނަރުގެދެކޮޅުގައި ވަރަށްކުޑަކުޑަ ދޮޅުއިންޗި އަށްވުރެކުޑަ ޓްރާންސްމީޓަރެއް ހަރުކޮށް ކޭސިންގަނޑު ތެރެއަށްލާއި ފޮރުވައިގެން، އަޅުގަނޑު ދަށްކަމުން ގެންދާ ސިޔާސީ ވާހަކަތައް ދުވަހުންދުވަހަށް ގަޑިންގަޑިއަށް އަޑުއަހާއި ރެކޯޑްކުރަމުން ދަނިކޮށް އަޅުގަނޑަށް ފެނުނު ހުވަފެންތަކަކާ ގުޅިގެން އެކަންތައް ފަޅާއަރާފައި ވެއެވެ.

ފޯނުއަޑުއެހިޑިވައިސްގެމިން

އަދި މަޝްހޫރު ބޯކުޑޭއާއި ފިލްމުކުޅޭ މަޝްހޫރު ޔޫސޭއާއި ތިމާވެއްޓަށް މަޝްހޫރު މީމުޒަވިޔަނި ފަދަބޭފުޅުން، ސިފައިންގެއަށް އެކިފަހަރުމަތިން ހާޒިރުކޮށް، އަޅުގަނޑާ ގުޅޭގޮތުން ތަފާތުސުވާލުކޮށް ހަދާފައިވާކަން އެބޭފުޅުންގެ ފަރާތުން އަޅުގަނޑަށް އެނގިފައިވެއެވެ.

މީގެ އަޖައިބަކީމިއެންމެން އައިސްއަޅުގަނޑައިބައްދަލުކޮށް މިވާހަކަތައް ކިޔައިދޭތީއެވެ. އެންމެންނަކީވެސް އަޅުގަނޑުދެކެ ލޯބިވާ މީހުންނެވެ. މިއީވެސް ފޯނު އަޑުއަހަމުން ގެންދިޔަ ޑިވައިސްގެ އެހެން ފޮޓޯއެކެވެ. އަޅގަނޑު އަތުގައި އެޑިވައިސްގެ ތިންސޮޓު އެބައޮތެވެ. ޑިފެންސުން އެޑިވައިސް އަތުލުމުގެ ކުރިންނަގާފައިވާ ތިންފޮޓޯއެވެ.

ފޯނުއަޑުއެހިޑިވައިސް

ފަހެ، މިދުވަސްވަރަކީ، ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ އިސްލާހަށް ހަރަކާތްތެރިވި އަޅުގަނޑުމެން ފަދަ މީހުންނަށް ފުދޭވަރަކަށް ސިޔާސީގޯނާތައް ކުރަމުންދިޔަ ދުވަސްވަރެކެވެ. އަދި އެހާމަބޮޑަށް ފާރަލަމުން ގެންދިޔަ ދުވަސްވަރެކެވެ. އޭރު އަޅުގަނޑު މެންނަކީ، އަބަދުވެސް ސިފައިންގެ ޖާސޫސުންގެ ފާރަލުމުގެ ދަށުގައިތާށި ކޮށްފައި ތިބިބައެކެވެ. މިފަދަ ދުވަސްވަރެއްގައި މިހުވަފެނުން ހިތްހަމަ ޖެހުމެއް ލިބުނެވެ. އިތުރު ހިތްވަރެއް ލިބުނެވެ. ކުރިމަގު މުސްތަގުބަލަށް ރާވާލަން އެނގުނެވެ.

އާދެ! 12 މާޗް 2003 މާދަމާއަކީ، އަޙްމަދިއްޔާ ނާސަރީ ސްކޫލަށް ތަންހާ އިލްޔާސް ހުސައިން އިބްރާހީމް، ފުރަތަމަ ފަހަރަށް ގެންދަން ޖެހޭދުވަހެވެ. އަޅުގަނޑާ ވަކިވުމަށް ބޮޑާނުހާކާއި ނުރޮއި ސްކޫލްގައި މަޑުމަޑުން އުފާވެރިކަމާއެކު ހުންނާނެކަމަށް އުންމީދުކުރަމެވެ.

ތިންވަނަ ހުވަފެން:

29 މެއި 2003މ. 27 ރަބީޢުލްއައްވަލް 1424ހ، ވީބުރާސްފަތި ދުވަހެވެ. މިއީ، އެރޭފަތިހު ބަންގިގޮވުމައި ވަރަށްކާރިވެފައި ވަނިކޮށް އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، ރައީސް މައުމޫނު ރަސްމީކޮށް ކޮންމެވެސް ތާކަށް ވަޑައިގަންނަވަން ވެގެން ރަސްމީކާރުކޮޅަށް އަރާވަޑައި ގަންނަވަން އުޅުއްވާތަނެވެ. ރައީސް މައުމޫނު އަރިހުގައި އެންމެއިސްކޮށްހުރީ އަޅުގަނޑެވެ.

އެތަނަށް އެއްވެފައިތިބި މީހުންގަނޑު ތެރޭގައި އަޅުގަނޑުގެ ދެއަތުން، ރައިސް މައުމޫނު ޙިމާޔަތްކޮށްގެން ކާރުކޮޅަށް އަރާވަޑައި ގަންނަވަން އުޅުއްވާ މަންޒަރެވެ. ފަސްޓްލޭޑީ މެޑަމް ނަސްރީނާ ތަންކޮޅެއް ފަހަތުގައި ހުންނަވައިގެން ހިނިފުޅު ވޮޑުވާމަންޒަރު ފެނުނެވެ. އަޅުގަނޑުގެ ބެލުމުގެދަށުން، އަޅުގަނޑުގެ ޙިމާޔަތުގައި ރައީސް މައުމޫނު ކާރުކޮޅަށް އަރާވަޑައި ގެންނެވުމަށް ފަހު، ވަޑައިގަންނަވަންވީ ދިމާއަށް ވަޑައިގަތީއެވެ.

ހޭލެވުނީ ރައީސް މައުމޫނުގެ ކާރުކޮޅު ދުއްވާލުމުންނެވެ. މިވާހަކަކޮޅު ނޯޓުކުރިއިރު މިހުވަފެން ވަރަށް ރަނގަޅަށް ހަނދާން ހުއްޓެވެ. އާދެ، މިއަދުގެ މެންދުރުގެ ވަގުތެއްގައި އިމެރެޓްސް ފްލައިޓަކުން ނުރަސްމީ ދަތުރުފުޅެއްގައި، ކޮޅުބުމަގުން ލަންޑަނަށް ރައީސް މައުމޫން ފުރާވަޑައި ގެންނެވިޚަބަރު ރާއްޖޭގެ މީޑިޔާގެ ޚަބަރުތަކުން އިވުނެވެ.

މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑު ނިންމީ، ރައީސް މައުމޫނު އަޅުގަނޑަށް އިތުބާރުކުރައްވާއި ކައިރިކުރެއްވުމަށް ހިތްޕުޅަށް އަރާވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއްފަހަރު އެކަމަށް ގަސްދުކުރައްވަނީ ކަމަށެވެ. އެހެނަސް ޢާއިލީބައެއް ނުފޫޒުތަކާހެދި އެކަންކުރެއްވޭގޮތް ނުވަނީކަމަށެވެ. އަދި ކުރިމަތީގައި އަޅުގަނޑަށްއޮތީ ސިޔާސީގޮތުން ޕްރެޝަރބޮޑު ދުވަސްތަކެއް ކަމެވެ.

ހަތަރުވަނަ ހުވަފެން:

02 ޖޫން 2003މ. 02 ރަބީޢުލްއާޚިރި 1424ހ، ވީހޯމަ ދުވަހެވެ. މިއީ، އެރޭނިދާފައި އޮއްވާފަތިހު ވަގުތެއްގައި އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، ރައީސް މައުމޫނު އަރިހުގައި ރިޔާސީ ގަނޑުވަރުގައި ރޭގަނޑު ވަގުތެއްގައި ސިޓިންރޫމްގައި ވާހަކަދަށްކަން ދެމީހުން ތިބި މަންޒަރެވެ.

މިތާނގައި ވާހަކަދަށްކަން ތިބެފައި ރައީސް މައުމޫނު އަވަހާރަފުޅަށް ވަޑައިގަތީ، އިލްޔާސް ނިދިކުރައްވަން ވީމާ، ކުރިމަތީގައިހުރި ކޮޓަރިއާދިމާއަށް އިޝާރާތް ކުރައްވައި އެހަރަކޮޓަރިއަށް ވަންނަވައި އޮށޯންނެވުމަށް ވިދާޅުވެފައެވެ. އެހެން ވިދާޅުވެލެއްވުމަށް ފަހު، ރައީސް މައުމޫނު ވަދެވަޑައިގަތީ އެހެން ކޮޓަރިކޮޅަކަށެވެ. އަޅުގަނޑު ވެސް ރައީސް މައުމޫނު ވިދާޅުވި ކޮޓަރިއަށްވަދެ ނިދަންއޮށޯވެވުނުކަން ހަދާންހުއްޓެވެ. ދެން އެހާހިސާބުން ހޭލެވުނީއެވެ.

ސިޔާސީގޮތުން ހަލަބޮލި މިފަދަ ދުވަސްވަރެއްގައި މިހުވަފެނުގެ ތަޢުބީރެއްކަމުގައި އަޅުގަނޑު ގަބޫލުކުރީ، ރައީސް މައުމޫނު ހިތްޕުޅުގައި އަޅުގަނޑާ ދޭތެރޭގައި އެއްގޮތަށްވުރެ ގިނަގޮތްގޮތަށް ވިސްނަވާ ހައްދަވާކަމެވެ. ކޮންމެވެސްކަހަލަ ހުރަސްތަކެއް ހުރުމުން އަޅުގަނޑާ ދޭތެރޭގައި ހަދާނެ ވަކިގޮތެއް ފައިނަލް ނުކުރެވިގެން އުޅުއްވަނީ ކަމަށެވެ.

އަނެއްހެން ވެސް އަޅުގަނޑަކީ، ރައީސް މައުމޫނު ބޭނުންފުޅުވީމާ، ބޭނުންފުޅުވާތާކަށް އަޅުގަނޑު ގެންދަވައިގެން ސިޔާސީ ޚިޔާލުބަދަލު ކުރައްވައި ހައްދަވާ ބޭފުޅެކެވެ. މިކަހަލަ ބައްދަލުވުންތައް، ޑިފެންސް މިނިސްޓްރީގެ މަތީގައާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައާއި ރިއާސީ ގަނޑުވަރުގައި ވެސް ހިނގާފައި އެބަހުއްޓެވެ.

ފަސްވަނަ ހުވަފެން:

19 ސެޕްޓެމްބަރ 2003މ. 22 ރަޖަބް 1424ހ، ވީހުކުރު ދުވަހެވެ. މިއީ ރޭގެނިދީގައި އޮވެފައި ފަތިސްނަމާދަށް ބަންގިގޮވިއަޑަށް ހޭލެވުމުން، ފަތިސްނަމާދު ކޮށްގެން އަނެއްކާވެސް ނިދާފައި އޮއްވާ، އަޅުގަނޑަށް ފެނުނު ހުވަފެނެކެވެ. ފެންނަނީ، އަޅުގަނޑު ހުޅުމާލޭގެ ގޮނޑުދޮށުގައި ހުއްޓައި ގޮނޑުދޮށުން ފަސްގަނޑު ކަނޑައިގެން އަޑިއަށްދާތަނެވެ. ފުރަތަމަބައި ކަނޑައިގެން، ގެނބިގެންގޮސް ފުންކަނޑަށްވީއެވެ.

ދެން ފަހަތަށް ޖެހިލުމުން އަނެއްކާވެސް ގޮނޑުދޮށުން އާބައެއް ކަނޑައިގެން ގެނބިގެންގޮސް ފުންކަނޑަށްވީއެވެ. ދެންވެސް އަޅުގަނޑު ފަހަތަށްޖެހިލުމުން އެބައިވެސް ކަނޑައިގެންގޮސް އެބަޔާއެކު ފުންކަނޑަށް ވެގެންދިޔައެވެ.

ދެން އެއަށްފަހު، ބޮޑެތިރާޅުތަކާއި ބާނިތަކުގެ ތެރޭގައި ގަދައޮއިވަރާއެކު، އަޅުގަނޑު މާލެއާދިމާއަށް ބާރުސްޕީޑެއްގައި ކޮށްޕާފައި ބާރުވަޔާއި އޮއިވަރުގެ ކަރަންޓާއެކު ގެންދަންފަށައި ފިއެވެ. ކުއްލިއަކަށް ހޭލެވުނީ، މާލޭގައި އޭރުއެއްވެފައިއޮތް މީސްތަކުންނަށް ވެގެންއުޅޭގޮތް ކިޔައިދީ، ގަދައަޑުން ނަސޭހަތްތެރިވަމުން ދަނިކޮށެވެ.

މިހުވަފެނުގައި އަޅުގަނޑު ސަލާމަތްވެ، ރަނގަޅު މުހިންމުރޯލެއް އަދާކުރެވުނީތީ ކުރިޔަށްއޮތީ ރަނގަޅައި އުފާވެރިކަން ކަމަށްދެކި، ﷲއަށް ހިތުގެއަޑިން ޝުކުރާއި ޙަމްދުކުރީމެވެ. މިހުވަފެން އަޅުގަނޑަށް ފެނިފައި މިވަނީ، އީވާންނަސީމް މަރާލުމުގެ، 24 ގަޑިއިރު ކުރިންނެވެ. ސިފައިން އަނިޔާކޮށް މަރާލާފައިވަނީ، ހުކުރު ދުވަހުގެ ރޭފަތިސް ވުމުގެ ކުރިންނެވެ. އީވާން ނަސީމްގެ މަންމައަށާއި ޢާއިލާއަށް އަދި ދިވެހިރާއްޖޭގެ އާންމު ރައްޔިތުންނަށް އީވާން މަރާލައިފިކަން އެނގުނީ، ހޮނިހިރު ދުވަހު ހެނދުއެވެ.

މިހުވަފެނުގެ ތަޢުބީރެއް ކަމުގައި އަޅުގަނޑުނިންމީ، ބޮޑުސިޔާސީ ކަންތައްގަނޑެއް ކުރިމަތީގައި ވަރަށްބަނަކޮށް އެބައޮތްކަމަށެވެ. ކޮންމެވެސް ނުބައިނުލަފާ ސިޔާސީ ރޭވުންތަކެއް ކުރިމަތީގައި އެބައޮތްކަމަށެވެ. އެހެނަސް ކަނޑުގެ ބޮޑެތިރާޅު ތަކުންނާއި ގަދައޮއިވަރުގެ އެހީގައި ސަލާމަތްކަމާއެކު، މާލެއަށް އާދެވި މާލޭގައި އެއްވެފައިތިބި ލޮބުވެތި ރައްޔިތުންނަށް ހަރުއަޑުން ނަސޭހަތްތެރި ވުމުގެފުރުސަތު ހުވަފެނުގައި އަޅުގަނޑަށް ތަނަވަސްވެގެން ދިއުމަކީ، ސިޔާސީ ކުރިމަގު އުޖާލާކޮށްއޮތުން ކަމުގައި ނިންމައި، ﷲއަށް ޙަމްދާއިޝުކުރު ދެންނެވީއެވެ.

ކިޔަވަން އުޅުނު އިރުއްސުރެ އަބަދުވެސް އަޅުގަނޑަކީ، އަޅުގަނޑަށް ފެންނަރަނގަޅު ހުވަފެންތައް ހަނދާނުގައި ހުއްޓައި ވީހާއަވަހަށް ނޯޓުކުރާ މީހެކެވެ. މިއާދައިގެ ދަށުން، މިހުވަފެން ނޯޓްކުރެވިފައި ވަނީ، މިއަދު (ފެނުނުދުވަހު) ހެނދުނު ސައިބޮއި ނިމިގެންނެވެ.

ޙާދިޘާގެ ކުރުޚުލާޞާއެއް:

އާދެ! 19 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަހުގެރޭ މާފުށީޖަލުގެ، ސީ 3 ނަންބަރު ގޮޅީގައިތިބި ބައެއްގައިދީން ހިންގިކަންތައް ތަކަކާގުޅިގެން އެޢަމަލުގައި ބައިވެރިވި، ގައިދީން އެރޭ، 9 ޖަހާކަންހާއިރު ގޮޅިންނެރުމަށް ސިފައިންނާއި ކަރެކްޝަންގެ މުވައްޒަފުން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރިއެވެ. މިގައިދީންކުރި ކުށަކީ، ސީ 3 ނަންބަރާއި، ސީ 5 ނަންބަރުގޮޅިން ބަޔަކު، ސީ 3 ހުރަސްކޮށް އެއްގޮޅިން އަނެއްގޮޅިއަށް ހުރަސްކޮށް ދިއުމެވެ.

މިކަމާގުޅިގެން ގޮޅިން ނެރުމަށް ހަމަޖެއްސި ގައިދީންގެ ތެރޭގައި، މ.އޭޝިޔާ ޙަސަން އީވާން ނަސީމް ހިމެނުނެވެ. ސިފައިންގެ ބޭކަލުން، އީވާނަށް ގޮޅިން ނުކުތުމަށް އެންގުމުން އެމީހުންނާ މުޚާޠަބުކޮށް އީވާން ތަކުރާރުކޮށް ބުނިކަމަށްވަނީ، އޭނާއަކީ ގޮޅިހުރަސްކޮށްދިޔަ މީހުންގެތެރެއިން މީހެއްނޫންކަމަށެވެ. އަދި އޭނާކުރި ކުށަކީ ކޮބައިކަން ބުނުމުންނޫނީ ނުނިކުންނާނެ ކަމަށެވެ.

މިދެބަސްވުމުގެ ތެރޭގައި ހިނގިހަމަނުޖެހުމުގައި ސިފައިންގެ ގުރޫޕެއް ގޮޅިތެރެއަށްވަދެ، އީވާން ނަސީމް ގަދަކަމުން ނެރެގެން ގެންދިޔައެވެ. ގޮޅިންނެރުނު އެހެން ގައިދީންނެކޭ އެއްފަދައިން އީވާން ނަސީމު ވެސް ގެންދިޔައީ “ރޭންޖޭ” ކިޔުނު ވޯކްޝޮޕްގެ ގޯތިތެރެއަށެވެ.

މިތަނަށް ގެންދިއުމަށް ފަހު ސިފައިބްގެ އަނިޔާތައް މަތިމަތިން އީވާނަށާއި ނެރުނު އެހެން ގައިދީންނަށް އޮހެންފެށީއެވެ. އީވާންނަސީމްގެ ކުށެއްނެތްކަމާއި ގޮޅިހުރަސް ނުކުރާކަމަށްބުނެ އީވާން، އޭނާގެދިފާޢުގައި ޖަދަަލުކުރަމުން ގެންދިއުމުން އޭނާއަށް ކެތްނުކުރެވޭ ވަރުގެ އަނިޔާތަށް އެގޮތްމިގޮތަށް އަރަމުންގޮސް ދުނިޔެ ދޫކޮށް ނިޔާވެގެން ދިޔައިއެވެ.

ﷲ އޭނާގެ އެންމެހައި ފާފަތައް ފުއްސަވައި ސުވަރުގެއަށް ވައްދަވާށިއެވެ! އަދި،މާޒީގަޔާއި ޖަލުތެރޭގައި ކިތަންމެ ނުލަފާކޮށް އުޅުން ބަހައްޓާފައި ހުއްޓަސް އޭނާއިކީ، ޝަހާދަތުގެ ދެކަލިމަކިޔައިގެންހުރިމުސްލިމަކަށް ވާތީ ޝަހީދެއް ކަމުގައި ލައްވާށިއެވެ. އާމީން!

އީވާންނަސީމް މަރާލުމާއި ޖަލުގައި ބަޑިޖެހިމައްސަލަ ބެލުމަށް ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަން:

މިދެ މައްސަލަ ބައްލަވައި މިކަމުގައި މަސްއޫލުވާ ފަރާތްތަކާއި އެފަރާތްތަކުން މަސްއޫލުވާ މިންވަރު ހޯދައި އެމީހަކު، ނުވަތަ އެބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ފުރިހަމަ ތަހްގީގެއް ހިންގެވުމުގެގޮތުން ރައީސުލް ޖުމްހޫރިއްޔާ، 5 (ފަސް) މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ރިޔާސީ ކޮމިޝަނެއް އުފެއްދެވިއެވެ. ފަސްމެންބަރުންގެ މައްޗަށް އެކުލަވައިލެއްވި، މިކޮމިޝަނުގެ ރައީސަކަށް ހަމަޖެއްސެވީ، ދައުލަތަށް ގިނަދުވަހު ޚިދުމަތްކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަލްފާޟިލް އަބްދުއްސައްތާރު މޫސާދީދީއެވެ.

ކޮމިޝަންގައި ހިމެނުއްވި އިތުރުބޭފުޅުންނަކީ، އަލްއުސްތާޒު ޝާހީންޙަމީދު، އަލްފާޟިލާ ޢައިޝަތު މުޙައްމަދުދީދީ، އަލްފާޟިލް އަބްދުﷲ ސަޢީދު، އަދި ޑޮކްޓަރ މުޙައްމަދު ޞާލިޙެވެ. ކޮމިޝަންގެ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި، 24 ސެޕްޓެމްބަރ 2003 ގައި ސެކްރެޓޭރިއެޓެއް އެކުލަވައި ލެއްވިއެވެ. މިސެކްރެޓޭރިއެޓްގެ އިސްބޭފުޅަކަށް ހަމަޖެއްސެވީ، އަލްއުސްތާޒު މުޙައްމަދު ނަޝީދެވެ. ކުއްޓިއެވެ.

އީވާން ނަސީމް މަރާލުމުގެ ޙާދިޘާއާއި ޖަލުގައި ބަޑިޖެހި ޙާދިޘާއާގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލް ޤައްޔޫމް އެކުލަވައިލެއްވި ރިޔާސީ ކޮމިޝަނުން އެއްކުރެއްވި މަޢުލޫމާތުތަކުން މިޙާދިޘާ ހިނގާދިޔަގޮތް ސާފުވެއެވެ. އޭރު އީވާނާ އެއްގޮޅިއެއްގައި ހައްޔަރުކޮށް ފައިހުރި، ގ.ފިނިކަނޑު އަބްދުﷲ ޢީޝާން (އީއްޓޭ)، ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައިވަނީ، އަންނަނިވި ޢިބާރާތްތަކެވެ.

“19 ސެޕްޓެމްބަރ 2003 ވަނަ ދުވަހު އަޅުގަނޑު ބަންދުކޮށް ފައިހުރީ ޖަލުގެ، ސީ 3 ގޮޅީގައެވެ. އެދުވަހު ހެދުނު، 9 ގަޑީގެ ސައިގެ ފަހުން، ޝާމް (މުހަންމަދު ޝާމް) އާއި ގްރޭންޕާ (މުހަންމަދު މާއިޝް) އައި ދެމީހުން، ސީ 3 ން ގޮޅިހުރަސް ކޮށްފައި ދިޔައެވެ. ދިޔައީ ގޮޅީގެފާރު މަތިންނެވެ. އެމީހުން ދިއުމުގެ ބޭނުމަކީ، ކުޑަގޮޅިއަށް ދިއުންކަން އެމީހުން ދިއުމުގެކުރިން ދެއްކިވާހަކައިން އެނގުނެވެ.

އޭގެ އިރުކޮޅެއްފަހުން، ޢަބްދުﷲ ޕާޕާ (ކޯޕްރަލް ޢަބްދުﷲ ޙަސަން) އާއި އެހެން ސިފައިންގެ ބަޔަކުއައިސް ގޮޅިހުރަސްކުރި ދެމީހުން އަނބުރާ، ސީ 3 އަށް ގެނައެވެ. މެންދުރެއްހާއިރު ސީ 3 ން ފަނަރަ ވަރަކަށް މީހުން، ސީ 4 ން، ސީ 5 އަށް ދިޔައެވެ. އެމީހުންގެ ނަމެއް ނޭނގެއެވެ. އެމީހުންދިޔައީ، ސީ 5 ގައި ހުންނަ އައިޑީ (ޢަލިދީދީ) ގައިގާ ތަޅައިގަންނަންކަން އެމީހުންދެއްކި ވާހަކައިން އެނގުނެވެ.

ޢަލިދީދީގައިގާ ތަޅައިގަތީ މާލޭގައި މީހުން ބަސްޓްކުރަން އުޅުނު މީހެއްކަމަށް ވާތީކަން އެނގުނެވެ. ގޮޅިހުރަސްކުރި މީހުންގެތެރެއިން ޝާމްއާއި ގުރޭންޕާއާއި އަކިރު (އަހްމަދު ޝުޖާޢުއަލީ) އައި އަދި އިތުރުމީހަކު އަނބުރާ، ސީ 3 ށް، ޢަބްދުﷲ ޕާޕާއާއި އެހެން ސިފައިންތަކެއް ވެގެން އަނބުރާ ގެނައެވެ. މިމީހުން އަނބުރާ، ސީ 3 ށް ގެނައިއިރު މަންދު (ދާއޫދު މަމްދޫޙް) އޮތީދޮރުކައިރީގައި ފިލާގަނޑެއް ބާއްވައިގެން އޮށޯވެއެވެ.

އޭރުދޮރުގެ މަތީކައިރިއަށް އެމީހުންތިބި ދިމާލުން މައްޗަށް ފިލާގަނޑެއް ލައްވާފައިއޮތެވެ. ގޮޅިހުރަސްކުރި މީހުންއަނބުރާ ވައްދަންވެގެން، އަބްދުﷲ ޕާޕާ، (ކޯޕްރަލް އަބްދުﷲ ޙަސަން) އައިސް މަންދުއާއި އީވާން ކައިރީގައި ތެދުވެފިލާގަނޑު ނެގުމަށް އެންގިއެވެ. އޭނާ (އަބްދުﷲ ޕާޕާ) ބޭނުންކުރީ ވަރަށްހުތުރު ޢިބާރާތެކެވެ.

އެތާނގައި ފުރަތަމައޮށޯވެތިބީ މަންދުއާއި އީވާނެވެ. އަބްދުﷲ ޕާޕާ އައިއިރު އީވާންވީ ފާޚާނާގައެވެ. އީވާން ނުކުތްއިރު، އަބްދުﷲ ޕާޕާ އުޅެނީ، މަންދު ގޮޅިންނެރެން ވެގެންނެވެ. އީވާން ނުކުމެ، މަންދު ކައިރީގައި ވެގެންއުޅޭގޮތް އެހިއެވެ. ވެގެންއުޅޭގޮތް މަންދު ކިޔައިދިނުމުން މަންދު ކައިރީ ރީއްޗަށް ބުނުމުން ނުކުންނާނެ ކަމަށް އީވާން ބުންޏެވެ. މިހެންބުނުމުން، އަބްދުﷲ ޕާޕާބުނީ، ކޮންމެގޮތެއް ހަދައިގެންވެސް މަންދު ނެރެވޭނެކަމަށެވެ. ދެން، އީވާން ބުނީ، “ތިމަންނަފުނޑާ ލާފައިނޫނީ މަންދު ނުނެރެވޭނެ” ކަމަށެވެ. އަދި ތިޔައުޅެނީ، މަންދު ރޭންޖަށް ގެންގޮސްގެން އަނިޔާކުރަން ކަމުގައިވެސް އީވާން ބުންޏެވެ.

މިވާހަކަތަކަށް ފަހު، އަބްދުﷲ ޕާޕާ ދިޔައީއެވެ. 19 ސެޕްޓެމްބަރ ދުވަހުގެރޭ، ކައިނިމުމަށް ފަހު، ކިރުބޯގަޑީގެކުރިން، އަބްދުﷲ ޕާޕާއާއި އިތުރު، 10 ސިފައިންގެ މީހުންއައެވެ. މިމީހުންނާއެކު ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީހެއްވެސް ހުއްޓެވެ. އެމީހުންއައިސް ލިސްޓަކުން ނަންތަކެއްކިޔެވެ. އެލިސްޓްގެ ފަހުނަމެއްގެ ގޮތުގައިގޮވީ، އީވާން ނަސީމްގެ ނަމެވެ. ނަންގޮވުމުން، އީވާން ފިޔަވާއެހެން މީހުންނުކުތެވެ.

ނުކުންނަކޮންމެ މީހެއްގެ އަތުގައިބިޑި އަޅުވައެވެ. ބިޑިއަޅުވަނީ އެކަކުގެއަތާއި އަނެކަކުގެއަތާ ގުޅުވައެވެ. އީވާންގެ ނަންގޮވުމުން އީވާން ނުކުންނަން އިންކާރުކުރިއެވެ. އަދި ނުކުންނާނީ އީވާންގެކުށް ބުނެދިނުމުން ކަމުގައިބުންޏެވެ. އަދި އެތާނގައިހުރި، 3 ފަށްއެރި ސިފައިންގެ މީހެއްކައިރީގައި ވެސް އީވާންގެކުށް ބުނެދިނުމަށް އެދުނެވެ.

އީވާން ނުނިކުތުމުން އިބިލީސް (ޝަމީޒް ޝިހާބް، މީނާއަކީ ގޮޅީގެލީޑަރެވެ. މީނާބުނާގޮތް ގޮޅީގެ މީހުންހަދާނެއެވެ.) އަށް ނުކުތުމަށް އެންގިއެވެ. އިބިލީސް ނުކުތުމުން ބިޑިއެޅުވި ފައްޗާއޭނާ ވެސް ގުޅާލިއެވެ. އަދި އެފަތި ފޮނުވާލީއެވެ. އޭގެފަހުން، އަބްދުﷲ ޕާޕާއާއި ދެތިންސިފައިން ގޮޅީތެރެއަށްވަނެވެ. އޭރު އީވާން ހުރީގޮޅީގެ ފަހަތުގައިއޮތް، 4 ވަރަކަށްފޫޓުގެ ލަކުޑިފަތިބުރިއެއް ހިފައިގެން ގޮޅީގެމެދެއްހާ ހިސާބުގައެވެ. ފޯސްވަދެ އީވާން ވަށާލިއެވެ. އަދި އެތަނުންއެކަކު، އީވާންގެ ފަހަތުންގޮސް ބައްދަން (ލޮކްއަޅުވަން) މަސައްކަތް ކުރިއެވެ.

އީވާން އެނބުރިފައި މިމީހާގެގައިގާ ފަތިބުރިން ޖެހިއެވެ. އެ އެތިފަހަރުއެރީ އޭނާގެއަތަށެވެ. އޭގެފަހުންޖެހި އެތިފަހަރުއެރީ، އޭނާގެބޮލަށާއި ކޮނޑުމައްޗަށެވެ. ދެން ޖެހިއެތިފަހަރުއެރީ އޭނާގެ އިނގިލިތަކަށެވެ. މި، 3 އެތިފަހަރަށްފަހު، މިސިފައިންގެމިހާ ދުވެފައިބޭރަށް ނުކުތީއެވެ. އޭނާގެ ފަހަތުންދެންތިބި ސިފައިންވެސް ނުކުތީއެވެ. އީވާން، ދެންދިޔައީ، އަބްދުﷲ ޕާޕާއާ ދިމާއަށެވެ. ….ފަތީގައިތިއްބާ އެއްފަހަރުބޯފެން ދިނެވެ. ފެންދިނީ ޑިޕާޓްމަންޓް އޮފް ކަރެކްޝަންސް މީހެކެވެ. އިރުކޮޅެއް ފަހުން، ކަރެކްޝަންސް ދެމީހަކު ފެންބާލިދީއެއް ހިފައިގެންއައެވެ. އެރޭ ކަރެކްޝަންސް މީހުން ރޭންޖަށްވަދެ ނުކުމެހެދިތަން ފެނުނެވެ. އަޅުގަނޑުމެން ވޯކްޝޮޕަށް ކުރިމަތިލައިގެން ތިއްބާ އީވާންހުރި ހިސާބުން، 10 ވަރަކަށް މިހުންނުކުމެގެން އަޅުގަނޑުމެންގެ ކުރިމައްޗަށް އައެވެ.

އަދި އެމީހުންބޭރުގޭޓުން ނުކުމެގެން ދިޔައީއެވެ. އޭގެފަހުން އަނެއްކާބަޔަކު، 7 މީހުންވަރު ވަދެގެން އީވާނާ ދިމާލަށް ދިޔައެވެ. އެމީހުންއައިތާ ދެތިންމިނެޓްފަހުން އީވާންގެ ހަޅޭކުގެއަޑު ކެނޑިއްޖެއެވެ. އަދި ކޮންމެވެސް މީހަކު، ފެންހޮޅިވައްދާށޭ ގޮވާއަޑުއިވުނެވެ. އެއީ އީވާން ހޭނެތުނުފުރަތަމަ ފަހަރުކަމަށް ގަބޫލު ކުރެވެއެވެ. ފެންހޮޅިވެއްދިތަން ދުށީމެވެ. އަދި ފެންޖެހުމަށްފަހު، އީވާންގެ އަޑުއިވެން ފެށުމުން، އަނެއްކާވެސް ތަޅަން ފެށިއެވެ.

މިގޮތަށް، 4 ވަރަކަށްފަހަރު އަޑުކެނޑި، ފެންޖަހައި އަލުންއަޑު އައިސް، މިކަހަލަގޮތްތަކެއް ވީއަޑުއެހީމެވެ. އީވާންގައިގާ ތަޅަމުންދިޔައި ފަހުންއައި، 7 މީހުންކަން ޔަގީނެއްނޫނެވެ. އިވާންގައިގާ އޭނާގެއަޑު މުޅިންކެނޑުމުން ވެސް ތަޅަމުންދިޔައެވެ. އެންމެފަހުންއަޑު ކެނޑުމުން ޕްލާސްޓިކް އެއްޗަކުން ޖެހިއަޑުއެހީމެވެ. އަދި ކޮންމެވެސްމީހަކު އޭނާ ގޭމްޖައްސަނީއޭ ބުނާއަޑު އެހީމެވެ. އަޅުގަނޑުމެން އެތާ ބިންމަތީގައި އޮށޯވެތިއްބާ، ދަންވަރުގެވަގުތުގައި ގޮވާފައި ވޯކްޝޮޕްތެރެއަށް ވެއްދިއެވެ. އެތާނގައި ނިދިފައިތިއްބާ، ފަތިހުގެންގޮސް ލައިބްރަރީހުންނަ ގޯތިތެރެއަށް ވެއްދިއެވެ. ދެން އެދުވަހު މެންދުރެއްހާއިރު މީހުން ހަޅޭއްލަވާއަޑު އިވުނެވެ. ދެން އޭގެ، 30 މިނެޓެއްހާއިރު ފަހުން ބަޑިޖަހާއަޑު އިވުނެވެ.”

އާދެ! އަދި އީވާން ނަސީމާއެކު އެއްގޮޅިއެއްގައި ބަންދުކޮށްފައިހުރި، ބ.ގޮއިދޫ މާރަނގާލި، މުހަންމަދު ޝިނާން ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ދީފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

“އަޅުގަނޑުމެން ފަތީގައި ބައިތިއްބާފައި ތިބިއިރު އީވާން ރޮމުން ވާހަކަދައްކާ އަޑުއެހީމެވެ. އީވާން ކިޔަމުން ދިޔައީ، “މާތް ﷲ ގަންދީހުވައޭ ދުވަހަކުވެސް މީހަކުގައިގައެއް ނުޖަހަމޭ، ތިމަންނަ ގައިގާ ނުޖަހާށޭ، އަބްދުﷲ ޕާޕާއޭ، ޢަދުނާން ޕާޕާއޭ، މަޢާފުކުރާށޭ ހެޔޮނުވާނޭ އަހަރެން މިމަރުވަނީއޭ،” މިހެންނެވެ. އަދި އީވާންގައިގާ ވަރަށް ގިނައިންތެޅި އަޑުއެހީމެވެ. ނަމަވެސް ފަހަތްބަލައި ލައިފިނަމަ ތަޅައިގަންނާތީ ފަހަތްބަލައިލާކަށް ނުކެރެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ބަލައިލަމެވެ. އަދި، 4 ވަރަކަށް ސިފައިން އީވާންގެބޮލުގައި ސަތަރިގަނޑެއް އެޅިތަން އަޅުގަނޑު ދުށީމެވެ. މިސިފައިން ވަކިކުރާކަށް ނޭނގެއެވެ. މިސަތަރިގަނޑުން އީވާންގެ ގައި އެއްކޮށް ފޮރުވިއެވެ. ސަތަރިއެޅުމަށް ފަހު ތެޅިއަޑުވެސް އެހީމެވެ. އަދި އީވާންރޯއަޑު ވެސް އެހީމެވެ.”

އީވާނު ބެއްލެވި ޑޮކުޓަރުގެ ބަޔާން:

އީވާންގެ މަރުވެފައިވާ ހަށިގަނޑު ބެއްލެވި އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ މުޙައްމަދު ޝާފިޢު، ރިޔާސީ ކޮމިޝަނަށް ދެއްވާފައިވާ ބަޔާނުގައިވަނީ އަންނަނިވި އިބާރާތްތަކެވެ.

“އީވާންގެ ހަށިގަނޑުވަނީ ތެމިފައެވެ. އަދި ލައިގެންހުރި ހެދުން ވީދިފައިވާކަން ފާހަގަކުރެވުނެވެ. މުޅިގައިގައި އެކިހިސާބުގައި ވެލިހުއްޓެވެ. އަޅުގަނޑު ފުރަތަމަހީކުރީ މޫދަށް ވެއްޓިގެނބިގެން މަރުވެފައިވާ މީހެއްކަމަށެވެ. މަރުވެގެން ގިނައިރުވުމުގެ ސަބަބުން ހަށިގަނޑު ހަރުކަށިވެ ދެއަތްވެސް އޮޅަބޮށިން ލެނބިފައިވެއެވެ.

މޫނުމަތިން ފެނުނު ފާހަގަތަކަކީ، ނިތްކުރީގެ ވައަތްފަރާތުގައި ހަލާކުވެފައިވާ ތަނާއި ނޭފަތުގެކޮޅު ހަލާކުވެފައިވާ ކަމެވެ. ހަށިގަނޑުގައި އެންމެ ފާހަގަކޮށްލެވެނީ ކަނާއަތުގެފަލަ މަސްގަނޑުގައި އެއްޗަކުން ވަރަށްބާރަށްޖެހި ނުވަތަ ފިތުމުގެ ސަބަބުން ނޫފައިގަނެ، ވަށައިގެން ރަތްއަރާފައިވާ ތަނެވެ.

ބޭރުންބެލިބެލުމުގައި އެއްވެސް ގުނަވަނެއް ބިނދިފައިވާކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ބަނޑުގައި ވައިހެދިވަނީ ވަރަށްބޮޑަށް ފުފިފައެވެ. ބަނޑުގައިވެސް ރަތްއަރާފައިވާ ތިންތަންކޮޅު ފާހަގަކުރެވުނެވެ. ކަނާއަތުފަލަ މަސްގަނޑުގައި ވެސް އެއްޗަކުން ޖެހުމުން ގެންލުން ވެފައިވާފަދަ ދެތަނެއް ފާހަގަކުރެވުނެވެ. އަދި މަށާއިގެން ގޮސްފައިވާ ތަންތަންކޮޅު ދެފައިގެ ފައިތިލައިން ފެންނަންހުއްޓެވެ.

ކަނާއަތު އުޅަބޮށިން ތިރީގައި ހަލާކުވެފައިވާ ފާރުގަނޑު ވައްތަރީ، އަލިފާންފަދަ ހޫނުއެއްޗެއް ޖެއްސުމުން ލިބިފައިވާ ގެއްލުމެއް ކަމަށެވެ. އަތުގެ ކުޑަހުޅުން ކަނޑާނެގިފައިވާ ތިންތަންކޮޅެއް ފާހަގަ ކުރެވުނެވެ. މިގޮތަށް ކަނޑާނެގިފައިވާ ގޮތް ދިމާވިކަމަށް ލަފާކުރެވެނީ، އަތުގައި އައްސާފައިވާ އެއްޗެއްނޫނީ އަޅުވާފައިވާ ބިޑިއެއް ކޮންމެވެސް ގޮތަކުން ބާރުވެގެން ކަމަށެވެ.

އީވާނަށް ލިބިފައިވާ އެހެންގެއްލުން ތަކަށް ބަލާއިރު، ބޮލުގެނާށިގަނޑާއި ހަންގަނޑާ ދޭތެރެއަށް ވައަތްފަރާތުން ލޭއަރާފައިވާކަމާއި، ގޮހޮރުގެ އެކިހިސާބުގައި އާދަޔާޚިލާފަށް ވައިހެދިފައިވާކަން ފާހަގަ ކުރެވެއެވެ. މިހުރިހާ ގެއްލުމަކަށް ބަލާއިރު، ޙަސަން އީވާން ނަސީމް މަރުވިކަމަށް ގަބޫލުކުރެވޭ އެންމެމުހިންމުއެއް ސަބަބަކީ، ފުއްޕާމެއަށް ލިބިފައިވާގެއްލުން، އެއީ އީވާނުގެ މޭމަތީގެ ކަނާތު، 7 ވަނަ ކަށިގަނޑު ބިނދި، އަދި އެފަރާތު ފުއްޕާމޭ ހިނދިމުގެ ސަބަބުންނާއި އެކަމަށް ދެވެންވާ ކުއްލިއަވަސް ފަރުވާ ނުލިބި ގިނައިރު ވެގެންކަމުގައި އަޅުގަނޑަށް ފެނެއެވެ. އަދި މިހެންވެ، ވައަތުފުއްޕާމޭގައި ލޭޖަމާވުމުގެ ސަބަބުން ހަށިގަނޑަށް ފުދޭވަރަށް އޮކްސިޖަން ނުލިބި މަރުވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.”

އާދެ! އީވާން އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފައި އޮތްޚަބަރު، އެނާގެމަންމަ މ.އޭޝިޔާ މަރިޔަމް މަނިކެއަށް ލިބުނީ، 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހުގެ ހެނދުނުއެވެ. އެވަގުތު މަރިޔަމްމަނިކެ ހޮސްޕިޓަލަށް ދިޔައީ އީވާނަށް އަނިޔާއެއްވެގެން ގެނައިކަމަށް ހީކޮށެވެ.

އޭރު އީވާން ބާއްވާފައިއޮތީ ބޭސްއަޅާ ކޮޓަރީގައެވެ. އެކޮޓަރީގެ އެތެރެއާއި ބޭރުގައިވެސް ސިފައިން ތިއްބެވެ. އީވާން ކޮބައިތޯ މަރިޔަމްމަނިކެ ސުވާލުކުރުމުން، ކޮޓަރިތެރެއިން ނުކުންނެވި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ ޑިރެކްޓަރ އަލްފާޟިލް އިސްމާޢީލް މޫސާ ވިދާޅުވީ، “އީވާންރޭ ނިޔާވެއްޖެ” ކަމަށެވެ. އެވަގުތުން ފެށިގެން މަރިޔަމްމަނިކެ ބޭނުންވީ އޭނާގެ ދަރިފުޅުގެ މޫނުދެކޭށެވެ. ދެން މިތާނގައި މިގެނެސްދެނީ، 15 ސެޕްޓެމްބަރ 2003 ގައި ރިޔާސީ ކޮމިޝަނަށް އީވާންގެ މަންމަ މަރިޔަމްމަނިކެ ދެއްވާފައިވާ ބަޔާނުން ބައެކެވެ.

“އީވާންގެ މޫނުދައްކާށޭބުނެ އާދޭސް ކުރުމުންވެސް އެވަގުތު އީވާނުގެ މޫނެއް ނުދެއްކިއެވެ. 25 ށް މިނެޓްވަންދެން މޫނުދައްކާށޭ ކިޔާ އަޅުގަނޑު އާދޭސްކުރީމެވެ. މޫނު ދެއްކޭނީ، ސިފައިން އަދި ޑޮކްޓަރުން ބެލީމާކަމަށް ބުންޏެވެ. އެވަގުތު އެތަނަށް ޑޮކްޓަރ އަހްމަދުރާޒީ ދުރުވުމުން އަޅުގަނޑު ދެންނެވީ އަޅުގަނޑަކީ، ޙަސަން އީވާން ނަސީމުގެ މަންމަކަމަށާއި އަދިވެސް އަޅުގަނޑު މިއުޅެނީ، މޫނު ނުފެނިގެން ކަމަށެވެ.

ދެން ރާޒީ ވިދާޅުވީ، ތިމަންނަވެސް މިއައީ ދެންމެކަމަށާއި އީވާނުގެ ހަށިގަނޑު ބަލާފައި ދައްކާނެ ކަމަށެވެ. އީވާން ބާއްވާފައި އޮތްތަނަށް އަޅުގަނޑަށް ވަދެވުނީ، ރާޒީ ނުކުމެ ވަޑައިގެން އަންނާށޭ އަޅުގަނޑު ގާތުގައި ބުނުމުންނެވެ. އީވާން އަޅުގަނޑަށް ފެނުނީ، ހޮސްޕިޓަލަށް ދިޔަތާ ބައިގަޑިއެއްހާއިރު ފަހުންނެވެ.

އަޅުގަނޑުގޮސް އެތާތިބި ސިފައިންނާއި ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީހުންގެ ކައިރީގައި އީވާން މަރުވީކީއްވެތޯ އެހުމުން އެމީހުންނަށް ނޭނގޭކަމަށް ބުންޏެވެ. އަޅުގަނޑުގޮސް އީވާން ކައިރީގައި ހުއްޓުނުއިރު އީވާން ގައިމަތީގައިއޮތީ ފޮތިގަނޑެއް އަޅާފައެވެ. ފެންނަންއޮތީ ހަމައެކަނި އީވާނުގެ މޫނެވެ.

އީވާނުގެ ހަށިގަނޑު، އަޅުގަނޑުމެންނާ ހަވާލުކޮށް ދިނުމަށާ، އަދި ޢާއިލާގެމީހުންނަށް އީވާނުގެ މޫނުދެއްކުމަށް އެދި ވަރަށްއާދޭސް ކުރުމުން ފަހަރަކު ދެމީހުންވަދެ އީވާނުގެ މޫނު ބެލިދާނެކަމަށް ބުންޏެވެ. އޭގެކުރިން ދެތިންފަހަރު ވަނީމެވެ. އަޅުގަނޑު ވަންއިރު އީވާނުގެ އެއްފަރާތުގައި ސިފައިންގެ ދެމީހުންތިއްބެވެ.

އަނެއްކޮޅުގައި ނަރުސްކުދިންގެ ދެކުދިން ތިއްބެވެ. އީވާނުގެ ހަށިގަނޑު ބަލައިލާނަމޭހިތާ ގައިމަތީ އަޅާފައިއޮތް ފޮތިގަނޑުހިއްލަން އުޅެންހެދީމާ، ސިފައިނާއި ނަރުސްކުދިން ނުހިއްލާށޭ ކިޔާފައި ފޮތިގަނޑު ހިއްލިއަނުދީ ހިފެހެއްޓިއެވެ.

އަޅުގަނޑު ގަދަކަމުން ފޮތިގަނޑުހިއްލިއިރު، އަޅުގަނޑަށް ފެނުނީ އީވާނުގެ އަތުގައި އަނިޔާކޮށްފައިހުރި މަންޒަރުތަކެވެ. އޭރު އީވާނުގައިގާއޮތް ޓީޝާޓްއޮތީ ފަޅާލާފައެވެ. ފުރަތަމަ އަޅުގަނޑަށް ފެނުނުއިރު، އީވާން ލައިގެންއޮތް ޓީޝާޓްފެނުނީ ކަރާހަމައިންނެވެ. ފަހުންފޮތިގަނޑު ނެގިއިރު އީވާންގައިގާ އެއްޗެއްއޮތްހެނެއް ހިއެއްނުވެއެވެ.

އީވާނުގެ ހަށިގަނޑު އަޅުގަނޑާ ހަވާލުނުކޮށްގެން، އަޅުގަނޑުގެ ރައްޓެއްސެއް މެދުވެރިކޮށް، ޑިޕާޓްމަންޓް އޮފް ކަރެކްޝަންގެ ޑިރެކްޓަރ މުޢިއްޒު (މުޙައްމަދު މުޢިއްޒު، މ.ގުލްފާމުގެ، މާލެ) އާގުޅާވާހަކަ ދެއްކުމަށްފަހު، ދިހަވަރަކަށް މިނެޓްނުވަނީސް އީވާނުގެ ހަށިގަނޑު އަޅުގަނޑުމެންނާ ހަވާލުކޮށްފިއެވެ.”

އާދެ! އާސަހަރާއަށް އީވާންގެ ހަށިގަނޑު ގެންދިޔައިރު އެޚަބަރުއޮތީ، މުޅިމާލެތެރެއަށް ފެތުރިފައެވެ. ސިފައިން، އީވާނަށް ކޮށްފައިވާ އަނިޔާތައް ވަރަށްފާޅުކަންބޮޑު ގޮތެއްގައި ފެންނަން ހުއްޓެވެ. އީވާނުގެ މޫނުދުށުމަށްޓަކައި ގިނަޢަދަދެއްގެ އާންމުން ސަހަރާއަށް ޖަމާވިއެވެ. ވަރަށްގިނަ ރައްޔިތުން އޭރުންފެށިގެން ސަހަރާއަށް ޖަމާވަމުން ދިޔައެވެ. ޢާއިލާގެ މީހުންގެންދިޔައީ ތިމާގެމީހުންނަށާއި ރައްޓެހީންނަށް ގުޅައި، އީވާންނިޔާވެއްޖެ ވާހަކަ އަންގަމުންނެވެ.

އެގޮތުން ވަރަށް އަވަހަށް މާލެތެރެއަށް މިއަޑު، ފެތުރިގެން ދިޔައެވެ. ޢަމުދުން ޖަލުގެ މަރަކަށްވާތީ އިސާހިތަކު ވަރަށްގިނަމީހުން ސަހަރާއަށް ޖަމާވިއެވެ. މީހުންތައް އެއްވެއްޖެއެވެ. މީގެތެރޭގައި އަޅުގަނޑާއި ބައެއް ސިޔާސީ ލީޑަރުންނާއި ސިފައިންގެ އިސްބޭކަލުންނާއި ރައީސް މައުމޫނުވެސް ސަހަރާއަށް ވަޑައިގަތެވެ.

20 ސެޕްޓެމްބަރ 2003މ. 23 ރަޖަބް 1424ހ، ވީހޮނިހިރު ދުވަހުވެސް އެހެންދުވަސް ތަކެކޭއެއްގޮތަށް، އަޅުގަނޑު އާދައިގެމަތިން ހޭލައި ފަތިސް ނަމާދުކުރުމަށް ފަހު، އާދައިގެމަތިން ހެދުނުނާޝްތާ ކޮށްގެން ބައެއްކަންތައް ކޮށްލުމަށްފަހު، ރަސްމީބަންދު ދުވަހަކަށްވާތީ، އަނެއްކާވެސް ނިދާލާނީއޭ ހިތަށްއަރައިގެން އަންހެނުން ރުކު ކާރީގައި، 11:30 ވީމާ ގޮވާލައްޗޭ ބުނެފައި ނިދާލަން އޮށޯތީއެވެ.

އޭރު ހެނދުނު، 9:30 ވެދާނެއެވެ. އެހެނަސް ހޭލެވުނީ މެންދުރު، 12:00 ގައެވެ. ދެން ފެންވަރާލައިގެން މެންދުރުނަމާދުކޮށް ހަދައިގެން، ބީބީސީ ބަލަން އިނދެފައި، ސިލްވަރސީން އަލީވަޙީދު ޙަސަންމަނިކު (އަލިބެ) އާ ގުޅާލާނަމޭ ހިތަށްއަރާއި ގުޅާލުމުން، އަލީވަހީދު ބުންޏެވެ. އަވަހަށް ފެނިލަންވީއެވެ. ދައްކަންހުރި ބައިވަރު ވާހަކަތައް އެބަހުއްޓެވެ.

އަލިބެ ގާތުގައި، 2:00 ށް ތިގެއަށް ވަދެވޭވަރަށް ދާނަމޭބުނެފައި އިތުރުވާހަކަތަކެއް ނުދައްކަމެވެ. ދެންވެސް، 1:30 ވަންދެން، ޓިވީނިއޫސް ބަލަންއިނީއެވެ. ދެން ގެއިންނުކުމެ، ހިނގައިގަތީ އަލިބެ ހުންނަވާ އޭނަގެ އަންހެނުންގެ ގެކަމުގައިވާ، މއ.ހައިވަކަރުގެ އަށް ދާށެވެ.

އޯކިޑްމަގު ކުއްޅަވައްގެ އާހިސާބުން އަންހެނުންތަކަކާ ދިމާވެގެން އަވަހަށް ސަހަރާއަށް، އިލްޔާސް ވެސް ދާންޖެހޭނޭ ތިމަންނަމެން ވެސް މިދަނީ، ސަހަރާއަށް ކަމަށް އެމީހުން ބުންޏެވެ. އަދި ޖަލުގައި މާރާލިމީހަކު ސަހަރާގައި ބާއްވާފައި އޮތްކަމަށް އެމީހުން ބުންޏެވެ.

އެހެނަސް ދެން ވެސް އަޅުގަނޑުގެ މިސްރާބު ބެހެއްޓީ އަލިބެ ދިރިއުޅުއްވާ ހައިވަކަރުގެ އަށެވެ. އެގެއަށްވަދެ، އަލިބެއާ ބައްދަލުވިއިރު މެންދުރުފަހު ދޭއްޖަހަން، 10 މިނެޓްހުއްޓެވެ. އަލިބެ ބުންޏެވެ! އަވަހަށް ޚަބަރުއަޑުއަހަމާ ހިންގާށެވެ. ދެން ދޭއްގެޚަބަރަށް ޓީވީއަޅުވައިގެން ތިބީއެވެ.

އަދިވެސް އަލިބެ ބުންޏެވެ. މިއަދު ވާހަކަދައްކާކަށް ތިބޭނެވަގުތެއް ނެތެވެ. މާފުށީޖަލުގައި ސިފައިންގެ ބަޔަކު ހިންގިޙާދިޘާއަކާ ގުޅިގެން، ދޭއްގެޚަބަރުގައި އެވާހަކަތައް ގޮވާނެއެވެ. ރޭގައި ސިފައިން އަނިޔާކޮށްގެން ގައިދީއަކުވަނީ މަރާލާފައެވެ.

އަދި އެގައިދީ މިހާރުއޮތީ ސަހަރާގައެވެ. މީހުންތައްވަނީ ރުޅިވެރިކަމާއެކު އެތަނަށް އެއްވާން ފަށާފައެވެ. އަލިބެމެންގޭގެ ސިޓިންރޫމްގައި ތިބެގެން، ޚަބަރުއަޑުއަހާ ނިމުނުތަނާހެން، މަޝްހޫރު ޔޫސޭ ގުޅާފައި ބުންޏެވެ! ތިޔައުޅެނީ ކޮންތާކުހެއްޔެވެ؟ ތިޔަހުރިތާކުން، ހަމަމިހާރު އާސަހަރާއަށް އަންނާށެވެ! ކަމަކުދާކަށް ނެތެވެ! ޖަލުގައިމަރާލި ކުއްޖާ މާލެ ގެނެސް ސަހަރާގައި ބާއްވާފައި އެބައޮތެވެ. ކޮންމެހެންވެސް، ދޮންބެ (އިލްޔާސް) އެތަނަށް އަންނަން ޖެހޭނެއެވެ.

ޔޫސޭއާއި އަޅުގަނޑާތިމާގެވީމާ، އަޅުގަނޑަށް ކިޔާއުޅެނީ ދޮންބެއެވެ. ތިމަންނަ މިހިރީ މިތާނގައެވެ. އަވަހަށް އަންނާށެވެ! ޔޫސޭއަށް އަޅުގަނޑު ބެނެފީމެވެ. އަޅުގަނޑު، މީނދީ އަލިބެކައިރީގައި ހައިވަކަރުގޭގައި ޚަބަރުއަޑުއަހާށެވެ. ދެން ޔޫސޭ ބުނީ، ތިޔަގޭކައިރިއަށް މިތަނުން ކުއްޖަކު މިފޮނުވަނީއޭ، އޭނާގެ ސައިކަލުފަހަތަށް އަރައިގެން އަވަހަށް މިތަނަށް، ސަހަރާއަށް އަންނާށެވެ.

އަހަރުމެންނާއި އަހަރުމެންގެ ޓީމުމިތާނގައި މިތިބީއެވެ. އަލިބެއަށް ޔޫސޭގެ މިވާހަކަތައް ކިޔައިދީ ނުނިމެނީސް އެގެއަށް ޕާޓޭންވައްތަރަށް ހުރިގޮލައަކު އިލްޔާސްކޮބައިހޭ، ތިމަންނަމިހިރީ ޔޫސޭފޮނުވައިގެން އިލްޔާސް ބަލައޭ، އޭނާބުނެފައި އަޅުގަނޑު އޭނާގެ ސައިކަލަށް އެރުމުން ވަރަށް ބާރަށް ދުއްވާފައި ގެންގޮސްބޭލީ ޔޫސޭމެން ގްރޫޕްކުރިމައްޗަށެވެ. ޕާޓޭންގެ ކުދިންގިނައެވެ. އޭރުއެގްރޫޕްތިބީ ސަހަރާގެ ދޮރުމަތީގައެވެ.

އޭރުގަޑިންވާނީ، 2:20 އެހާކަންހާއިރެވެ. ދެން ޔޫސޭމެން ބުންޏެވެ. އަވަހަށް ސަހަރާތެރެއަށް ވަދެ އީވާންގެ ހަށިގަނޑު ބަލާށެވެ. އޭރުން އޭނާއަށް ސިފައިންކޮށްލާފައި ހުރިވަރު ދޮންބެއަށް ވެސް ހަމަލޮލުން ފެންނާނެއެވެ. އޭރުއަދިއެހާ މީހުންތައް ގިނައެއްނޫނެވެ. އެހެނަސް ފުދޭވަރަކަށް މީހުންތިއްބެވެ.

އަދި އެކިދިމާތަކުން މީހުންތައްދަނީ ބާރަށްހިނގާފައާއި ދުވެފައި އަންނަމުންނެވެ. ޔޫސޭމެންތިބީ ވަރަށް ހިންގާލާފައެވެ. ހަރަކާތުގައެވެ. ވަރަށް ފޯރީގައެވެ. ހަމަ މީހުން އެއްކުރަނީއެވެ. އަދި ހަމައެވަގުތު ޖަލުގައި ސިފައިން ހިންގަމުން ގެންދިޔަ ބަޑިޖެހުމުގެ ޙާދިޘާގެ ވާހަކަތައް ވެސް ޔޫސޭމެން، ގްރޫޕުން ގެންދިޔައީ ފަތުރަމުންނެވެ.

އަދި މީސްތަކުންނަށް އަންގަމުންނެވެ. އަދި އެއީ މާމުހިންމުކަމެއް ގޮތުގައި މީހުންނަށް ބުނެދެމުން ގެންދިޔައެވެ. އިތުރު ދެމީހަކު މަރުވި ވާހަކައެއްވެސް ބާރަށް ފެތުރިފައިއޮތެވެ. ސަހަރާތެރެވަނީ ވަރަށް ސީރިއަސް ހާލަތަކަށް އައިސްފައެވެ.

މީހުންގަނޑުތިބީ ރުޅިއައިސް ކެކިފައެވެ. އަދި މިވަގުތު ސަހަރާތެރޭގައި ބޮޑުކުލައިގެ އެކަކުވެސް ނެތެވެ. ދެން އަވަހަށް އަޅުގަނޑު ހިނަވާކޮޓަރިއަށް ވަދެ، އީވާންގެ ވަށައިގެން އެނބުރި ވަރަށް ރަނގަޅަށް އަތްލައިބަލާ ހެދީމެވެ. އެސޮރުއޮތީ ވަރަށްބޮޑަށް އަނިޔާކޮށްފައެވެ.

ރަނގަޅަށް ބަލާހެދުމަށް ފަހު، ބޭރަށްނުކުމެ އީވާންގެ ބައްޕައަކީ ކާކުތޯޔޫސޭ ގްރޫޕައި ސުވާލުކުރުމުން ބުނެދިނީ އެއީ މާގަސްދޮށުގޭގައި ހުރިނަސީމްކަމަށެވެ. ކުރިން ތުނބުޅިދިގުކޮށް ބަހައްޓާފައި ހުއްޓެވެ. މިހާރުހުންނާނީ ސާފުކޮށްބާލާފައެވެ. އޭނާއަކީ ކޮނޑޭވޯކްޝޮޕްގައި އުޅުއްވި ނަސީމޭ މިވެރިން ކިޔަދިނުމުން އެއީ ކޮން ނަސީމެއްކަން ވަރަށް ރަނގަޅަށް އަޅުގަނޑަށް ސާފުވެއްޖެއެވެ.

އަދި އިރުކޮޅެއް ތެރޭގައި އެތަނަށް ނަސީމު، ސައިކަލެއްގައި ދުރުވުމުން އަޅުގަނޑު އޭނާއައި ބައްދަލުކުރީމެވެ. އަދި އޭނާއެދުނު ބައެއްކަންތައް ކޮށްދިނީމެވެ. މިނަސީމަކީ، އަޅުގަނޑުގެ ލޮބުވެތިބައްޕަ އަރިހުގައި ކޮނޑޭވޯކްޝޮޕްގައި އުޅުއްވި މީހެކެވެ. އެދުވަސްވަރު ކޮނޑޭތުއްތު މަނިކާއި ބައްޕައައި އޮންނަގާތްކަމުން ބައްޕަ ވޯކްޝޮޕަށް ދުރުވެހައްދަވައެވެ.

އަދި އެތާންގެފައިސާގެ ހުރިހާކަމެއް ބަލަހައްޓަވައި ދެއްވަނީ ބައްޕައެވެ. މިނަސީމަކީ އެދުވަސްވަރުން ފެށިގެން، ޖަވާހިރުވާދީއަށް ވަރަށްގިނައިން ދުރުވެއުޅުއްވާ ބޭފުޅެކެވެ. އެހެންވުމުން އޭނާއަކީ އަޅުގަނޑުމެން ޢާއިލާގެ ގާތްރައްޓެއްސެކެވެ. މިވާހަކަތައް ދެއްކެވުމަށް ފަހު، ނަސީމު މީހެއްގެ ސައިކަލް ފަހަތުގައި އަނެއްކާވެސް ކޮންމެވެސް ދިމާއަކަށް ދުރުވެއްޖެއެވެ.

ދެން ސަހަރާދޮރުމަތިން ދިމާވީ، ކޮލިޙަސަން މަނިކުގެ އައިންތުއާ އިނދެގެންއުޅުއްވި ހުސައިނު އާއެވެ. ވަރަށްދެރަވެފައި ހުސައިން ބުނުއްވީ، ނަސީމްގެ ދަރިފުޅަކީ އޭނާގެ މަންމަފަރާތުން ވަރަށްތިމާގެ ކުއްޖެކެވެ. އީވާން ޖަލުގައި ހުންނަނީ ޑުރަގު މައްސަލައަކާ ގުޅިގެން، ހުކުމްކޮށް ހައަހަރު ދުވަހަށް ޖަލުގައި ހުންނަން ޖެހިފައިވާތީއެވެ. ފުރަތަމަ ތިމަންނަމެންނަށް އަންގައިގެން ހޮސްޕިޓަލަށް ދިޔައިރު، އޭނާގެނޭފަތާއި ކަންފަތުގައި ވެލިފެންނަން ހުއްޓެވެ.

މިހާރުއެއޮތީ ވަރަށްސާފުކޮށް ހަދާފާއި ގަނޑުފެން އަޅައިގެން ދުޅަކަނޑުވައި ބައެއްގުނަވަންތައް ތެދުކޮށް ހަދައިގެން ގެނެސްފައެވެ. އަދިވެސް ޒަހަމްތައް ތާޒާކޮށް ފެންނަން އެހެރީއެވެ. ހާދަހާދެރައެވެ. އިލްޔާސްމެން މިކަމާއުޅުއްވަން ވާނެނޫންތޯއެވެ. އަޅުގަނޑު އާދެހޭ ދެންނެވީމެވެ. މިހާރު ވެސް ބޭރަށް ޚަބަރުތައް މިދަނީދެމުންނެވެ. ބުނީމެވެ.

ޢާއިލާގެ ބޭފުޅުން މަޢުލޫމާތުދެއްވި ގޮތުގައި އީވާނަށް ލިބުނު ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ރޭފަތިހު، 4 ގެކުރިން އީވާންވަނީ މަރުވެފައެވެ. ހޮސްޕިޓަލަށް ގެނައީ އިރުއަރަން އުޅެނިކޮށެވެ. އީވާނުގެ މަންމައާއި އެމީހުންނަށް ހޮސްޕިޓަލަށް ދެވުނީ، 7:10 އެހާކަންހާ އިރުއެވެ.

އީވާންއޮތީ ހަރުދަނޑި އަރާފައެވެ. ދެފައިކައިރިކޮށް ބަނދެފައި އެވަނީ، ގަދަކަމުން ކަމަށް ބުންޏެވެ. އީވާން ޢާއިލާގެ ފަރާތުން ލިބުނު ވާހަކަތަކަށް ފަހު، އަނެއްކާވެސް ހިނަވާގެއަށްވަދެ، އީވާން ވަށައިގެން އެބުރިބަލާ ހެދުމުން މިބޭފުޅުން ދެއްކެވި ވާހަކަތަކަކީ މުޅިންތެދުކަން ސާފުކޮށް އެނގުނެވެ.

ގަދަކަމުން ދެފައިކައިރިކޮށް ބަނދެފައި އޮތްކަން އެނގެއެވެ. އަދި ފައިގެ ދެބޮޑުވައި އިގިލިގާތްވާ ވަރަކަށް ގަދަކަމުން ގާތްކޮށް ފޮތިފަށަކުން ބަނދެފައިހުރިކަން ފާހަގަކުރެވުނެވެ. ދެފައިގެ ބޮޑުވައި ދެއިނގިލި ކައިރިނުވެ ވާތަން ފެންނަންހުއްޓެވެ.

ދެފައިގެ ފުންނާބައި ހިސާބުން އޮތީކައިރި ނުކުރެވިފައިކަން ފެންނަންހުއްޓެވެ. ދެކަކޫވެސް ދެބޮޑުވައި އިނގިލިވެސް އިނީނުޖެހިއެވެ. އަދި ދެއަތްވެސް ގަދަކަމުން ވާންކޮށްގެން ގެނެސް ގަދަބާރުން ބަނދެފައި ހުރިތަން ފެނުނެވެ. ދެން ބޭރަށް ނުކުމެ، ކެނެރީގޭ މުހަންމަދު ނަޝީދު (އަންނި) ފެންނަން ނެތީމާ، އަންނިއަށް ފޯނުންގުޅާލިއިރު އަންނި އުޅުއްވަނީ ސަހަރާއަށް އައުމުގެ މަގުމަތީގައެވެ.

އިސާހިތަކު އަންނިވެސް ސަހަރާއަށް ވަޑައިގެންފިއެވެ. ވަރަށް މީހުންގަނޑު ގިނަކޮށްލައިފިއެވެ. އޭރުއީވާންއޮތީ ގައިމަތީގައި އޮތްފޮތިގަނޑު ނަގައި މުޅިހަށިގަނޑު ފެންނަވަރަށް އެކިމީހުން ވެގެން ކަޝްފުކޮށް ލާފައެވެ. ފޮތިގަނޑުއޮތީ އައުރައަށް ވާހިސާބުގައި ގުޅަކަރުވާލާފައެވެ.

ރީތިކޮށް އެންމެންނަށް އީވާނުގެ ހަށިގަނޑުއެއްކޮށް ފެނެއެވެ. ސިފައިން ކޮށްފައިހުރި ލާއިންސާނީ، އަނިޔާވެރި އަމަލުތައް އެމަޢުޞޫމް ހަށިގަނޑުން ޢައިލާއިން ބުނެދެމުން ގެންދާގޮތަށް ފެންނަންހުއްޓެވެ. ސިފައިންގެ ތެރެއިން ބަޔަކުމީހުން އަނިޔާކުރިކަން ސާބުތުވާން ހުއްޓެވެ. އިތުރުހެއްކެއް ބޭނުމެއް ނުވެއެވެ. ފޮޓޯތައްނަގާއި ވީޑިޔޯތައްނަގާ މީހުންގެންދަނީ ހުއްޓުމެއްނެތި އެކަންކުރަމުންނެވެ.

ކުއްލިއަކަށް ސަހަރާތެރެއަށް ސިފައިންގެ ފޯހެއް، މީހުންތައް ފޫއަޅުވަމުން ވަދެގެން އަންނަތަން ފެނިއްޖެއެވެ. މިކަމާ ވިސްނާލުމުން، ރައީސް މައުމޫނު ސަހަރާއަށް ވަޑައިގަންނަވަން ތައްޔާރުވަނީކަން ކަށަވަރުވެއްޖެއެވެ. މީގެތެރޭގައި ސްޕެޝަލްގާޑުން ތިބުމުން މިކަންކަށަވަރު ވީއެވެ. މީގެކުޑަ އިރުކޮޅެއްކުރިން ޑޮކްޓަރ ރާޒި ވަޑައިގެންނެވިތަން ފެނުނެވެ. އޭގެކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނު ހަމަޖެއްސެވި ރިޔާސީ ކޮމިޝަނުގެ ބޭފުޅުން ރައީސް އޮފީހުގެ ވޭނެއްގައި ވަޑައިގެންވިތަން ފެނިއްޖެއެވެ.

މިވޭނުން ފައިބައި ވަޑައިގެންނެވީ، ރިޔާސި ކޮމިޝަނުގެ ރައީސް އޮނަރަބްލް އަބްދުއްސައްތާރު މޫސާދިދީއާއި އެބޭފުޅާގެ ޓީމެވެ. ރައީސް އޮފީހުގެ ބޭފުޅެއް ކަމުގައިވާ، އައްޝައިޚް ޙަސަންޔޫސުފް ވެސް ހުންނެވިއެވެ. އެއަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނު ސަހަރާއަށް ވަޑައިގެންފިއެވެ. އީވާނުގެ ވަށައިގެން ބައްލަވާލައްވައި އީވާންގައިގާ އަތްޖައްސާ ލެއްވުމަށް ފަހު ދުލުން، ދުޢާއެއް ވިދާޅުވެ ލެއްވިތަން ފެނުނެވެ. ދެތުންފަތްފުޅާއި ދޫފުޅު ތެޅުވުނުތަން ފެނުނެވެ. ވިދާޅުވި އެއްޗެއް އަޅުގަނޑު މެންނަށްނީވޭތީ ދެނެވޮޑިގެންވާނީ، ﷲއާއި އެމަނިކުފާނަށެވެ.

މާގިނައިރު މަޑުނުކުރައްވައި ވަރަށް އަވަހަށް ނުކުމެވަޑައި ގެންފިއެވެ. ދެން ރިޔާސީ ކޮމިޝަނުގެ ރައީސް އަރިހުގައި ބަސްފުޅެއް ވިދާޅުވުމަށް ފަހު، އެނބުރި ވަޑައިގަތީއެވެ. އެވަގުތު މަދުބަޔަކު ހަޅޭލަވާ ދޭއްޗެކޭ ބުނެލާއި ކޮއްޕާހެދިއެވެ. އެހެނަސް މިއީ ރައިސް މައުމޫނު ހުންނެވިހިސާބާ ދުރުންހިނގި ކަންތަކެވެ. ސިފައިން ތިބިލެއް ގިނަކަމުން ރައީސް އަރިހުން މީހުންގަނޑުވަނީ ދުރުގައެވެ. މީހުންގަނޑު ތެރެއިން ރައީސް މައުމޫނު ނުކުންނެވި އިރުވެސް ކޮއްޕާހެދިއެވެ.

އެހެނަސް ސިފައިންއޮތީ ރީތިމަގެއް ހަދައި ހިންގެވޭވަރުކޮށް ފައެވެ. މިކަމުގެ ތެރޭގައި އެއްވެސް ނޭއްގާނީކަމެއް ރައްޔިތުންގެ ތެރެއިން ހިނގާފައެއް ނުވެއެވެ. ރައީސް މައުމޫނުގެ ކެރިވަޑައިގަތުމަށް ސާބަސްއަރުވަމެވެ. ހޫނުކުރަންތިބި މީހުންނަކީ އަޑުގަނޑު މެންނެވެ. އަޅުގަނޑުމެން ވެސް ތިބީމަންޒަރުބަލަން މަޑުމަޑުންނެވެ. ޔޫސޭގުރޫޕަށް ފަހު، ނަގާކިޔަން އުޅުނީ، ޟިޔާޢައްބާސް ގެންގުޅުނު ޕާޓޭންގެ ޓީމެކެވެ.

މިޓީމުގެ ހަރަކާތްތައް ގްރޫޕެއްގެ ސިފައިގައި ފެންނަންފެށުމުން އަޅުގަނޑު މިމީހުންގެ ތެރޭގައި ނުހުރުމަށް، ހ.ސުނާރު މާލެ، އަލްފާޟިލް ސިއްކަގޭ މުހަންމަދު ނަސީމް، (ނަސީމްބެ) ގެ ފަރާތުން ނަސޭހަތް ލިބުމުން މީހުންގަނޑު ތެރޭގައިނޫޅެ މާލޭންވެސް ބޭރަށް އަވަހަށް ނައްޓާލުމަށް ނިންމީއެވެ. މިދުވަހު މެންދުރުފަހުން ދެތިންފަހަރަކު ނަސީމްބެއައި ފޯނުންގުޅުނެވެ. ނަސީމްބެއަކީ މިކަހަލަ ދަނޑިވަޅުތަކުގައި އަބަދުވެސް ގޭގައި އިންނަވައިގެން އަޅުގަނޑައި ގުޅުއްވާ ބޭފުޅެކެވެ.

ސިޔާސީ ޚަބަރުތައް އެއްކުރައްވާއި ދިރާސާކުރައްވާ ބޭފުޅެކެވެ. އަދި ނަސީމްބެއަކީ އަޅުގަނޑުމެން ކިޔެވިދުވަސް ވަރުގައި އަޅުގަނޑުމެންގެ ސިޔާސީ އެދުރުބެއެވެ. ނަސީމްބެ އިސްކޮށް ހުންނަވައިގެން ފާކިސްތާނުގައާއި ސަޢޫދީ ޢަރަބިޔާގައި ކިޔަވާކުދިންގެ ނަމުގައި ވަރަށްގިނަ ސިޔާސީ ހަރަކާތްތައް ހިންގާފައި ވާނެއެވެ. ޕާކިސްތާނުގެ ދިވެހި ކިޔަވާކުދިންގެ ޖަމުއިއްޔާއާއި “މިޔޯ” ކިޔާ ޖަމުއިއްޔާއެއް ރަޖިސްޓުރީކޮށް އައްލާމާ މައުދޫދީގެ ބައެއްފޮތްތައް ދިވެހިބަހަށް ގެނެސް ޗާޕުކުރެވުނެވެ.

މިޔޯ ޖަމުއިއްޔާގެ ވިސިޓިންގުކާޑު

އާދެ! ރައީސް މައުމޫނު ސަހަރާއިން ވަޑައިގެންނެވުމުން ދެންފެނުނީ، ސިފައިންގެ ޓާސްފޯސް ގްރޫޕެއް ސަހަރާ ތެރެއަށް ވަންނަން ހިފާލިތަނެވެ. އަޅުގަނޑުމެން ދޮރުމަތީގައި ވަރަށްކައިރީގައި ތިބީމެވެ. އެއްބަޔަކު ޓާސްފޯހަށް މަރްޙަބާކިޔާށޭ ގޮވާއަޑު އިވުނެވެ. އަނެއްބަޔަކު ކޮށްޕާގަޅުވާއި ޓާސްފޯސް ވަނުމަށް ހުރަސްއަޅަމުން ގެންދާތަން ފެނުނެވެ. ދެން ފެނުނީ އެންމެންވެގެން ޓާސްފޯސް ސަހަރާގެގޭޓުން ބޭރުކޮށްލިތަނެވެ. މާގަދަހަދަންނޫޅެ ޓާސްފޯސް އެކުގައި ސަހަރާއިން ނުކުމެގެންގޮސް ގެއްލިއްޖެއެވެ.

މިފިއްތުންގަނޑު ތެރޭގައިބައެއް މީހުންކޮށްޕާއި ތަޅާވެސް ހެދިތަން ފެނުނެވެ. ޖެހުނުމީހަކު ޖަހާވެސްހެދިއެވެ. ދެންފެނުނީ، ޔުނީފޯމްއެޅި އެންމެން އެސަރަހުއްދުން ގެއްލުނުތަނެވެ. އަދި ބޭނުންބަޔަކު ބޭނުންގޮތަކަށް އުޅެން ދޫކޮށްލި ތަނެވެ. ބޭނުމަކީ ރަށުތެރޭގައި ގޯސްތަކެއް މިމީހުންގެ ޕާޓޭންލައްވައި ހިންގުމެވެ.

ޖާސޫސުކުރުމަށް އުޅޭ އާދައިގެ ހެދުމުގައި ތިބި ސިފައިން ސަހަރާތެރެއިންނާއި ބޭރުން ގިނައިން ފެންނަމުން ދިޔައެވެ. ޢަޞުރުނަމާދަށް ބަންގިގޮވުމުން ވުޟޫއު ކޮށްލައިގެން ނަމާދަށްއެރީ ސަހަރާ މިސްކިތަށެވެ. ޖަމާޢަތުގައި ޢަޞުރުނަމާދު ކުރުމަށް ފަހުވެސް ސަހަރާގައި ހަވީރު، 5 ޖަހަންދެން ހުރެފައި ނަސީމްބެގެ ކޯލްއައުމަށް ފަހު، ފުރަތަމަ ދިޔައީ އަލިބެ ކައިރިއަށް ހައިވަކަރުގެ އަށެވެ.

އެގެއިން އަލިބެއާއެކު ސައިތައްޓެއް ބޮއިގެން، މއ.ސިލްވަރސީން އަޖްވަދުވަހީދު (އަޖޫބެ) ސައިކަލް ފަހަތުގައި ދިޔައީ ހުޅުމާލޭ ފެރީޓާމިނަލަށެވެ. ފެރީޓާމިނަލަށް އާދެވުނުއިރު ފެރީއެއް ހަމަނައްޓާލީއެވެ. ދެންގޮވާއި އަތުންހަނާ އަޅާއި އިޝާރާތް ކުރުމުން ތޮށިގަނޑާ އަނެއްކާވެސް ކައިރިކުރުމުން އެފެރީގައި ހުޅުމާލެއަށް ފުރީއެވެ. މާލޭންނުކުތުމަށް އަޅުގަނޑު ގަސްދުކުރީ، ނަސީމްބެގެ ބަހަށެވެ. ހަދަންވީ ގޮތް ނަސީމްބެ ބުނެދެއްވިއެވެ. ކޮންމެފަހަރަކު ވެސް ސިފައިން އެންމެފުރަތަމަ ތިޔަގެންދަނީ އިލްޔާސެވެ.

ތިޔަކަމުގައި ވެސް އިލްޔާސް ގެންގޮސް ބަންދުކުރުން ކައިރިއެވެ. އަވަހަށް މާލޭންބޭރަށް ދާށެވެ! އަޅުގަނޑު ހުޅުމާލެއަށް ގޮސް ހުޅުމާލޭގައި ހުންނަކުޑަ މިސްކިތުގައި މަޣްރިބްނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ކުރީމެވެ. ދެނަމާދު އެކުގައިކޮށް، ﷲއަށް ދުޢާދަންނަވައި އަޅުގަނޑަށް ނުލަފާ ޖައްބާރު އަނިޔާވެރިންގެ އަނިޔާތަކުން ސަލާމަތްކޮށް ދެއްވާއި ހެޔޮގޮތްތައް މެދުވެރި ކުރެއްވުމަށްއެދި ދެންނެވީމެވެ.

އަދި އަޅުގަނޑަށް މިދިޔަ ހުކުރުދުވަހު ފެނުނުހުވަފެން ހަދާންވިއެވެ! މިސްކިތުގައި ވިސްނާއި ފިކުރުކޮށްލަން އިނދެފައި، ދެން އަޅުގަނޑު ދިޔައީ ވިޒްކޮމްޕެނީން ހުޅުމާލޭގައި ކުރަމުންދާ މަސައްކަތްތައް ބަލައިލުމަށް އެޕުރޮޖެކްޓު ހިންގާ ސައިޓަށެވެ. އެދުވަހު އިސްކޮށް ސައިޓްގައިހުރީ އަޅުގަނޑުގެ ކޮއްކޮ އަހްމަދުރަޝީދު ހުސައިން (ހަންދު) އެވެ.

ދެންހުރީ ކުޅުދުއްފުށީ އަހްމަދު ކިޔާމީހެކެވެ. އެއީ ވެލްޑަރެކެވެ. ހަންދުމެންނަށް ވެސް މާލޭގެ ޚަބަރުތައްވަނީ ލިބިފައެވެ. ނަމާދުގެ ކުރިންނާއި ނަމާދުގެ ފަހުން، ދެފަހަރެއްގެ މަތިން ނަސީމްބެއާ ފޯނުން ގުޅުނެވެ. މިހާރު މިހުރީހުޅުމާލޭގައި ކަމަށް ދެންނެވީމެވެ. މާލޭގެ ޚަބަރުތައް ނަސީމްބެއާއި އަލިބެގެ ފަރާތުން ބަރާބަރަށް ލިބެމުން ދިޔައެވެ. ފޯނުން ބަރާބަރަށް މިޚަބަރުތައް ދަނީ، އަޅުގަނޑަށް ލިބެމުންނެވެ. ވާނުވާ އެނގެމުންދެއެވެ.

އާދެ! ސަހަރާތެރެއަށް ޔުނީފޯމްއެޅި ސިފައިންނަށް ނުވަދެވުނު ހިސާބުން އެމީހުންގެ ހަރަކާތެއް ނުފެނެއެވެ. މުޅިންހެން ފުލުހުން ގެއްލިއްޖެއެވެ. އެހެނަސް އެމީހުންގެ މަރުކަޒުތަކުގައި ތިބެގެން ދިޔައީ އަތުވެދާނެ ކުރިމަތިލުމަކަށް ތައްޔާރުވަމުންނެވެ. ރަށުތެރެއިންނާއި ސަހަރާތެރެއިން ގިނައިން ފެންނަމުން ދިޔައީ އާދައިގެހެދުމުގައި ތިއްބަވާ ސިފައިންނެވެ.

ޟިޔާޢައްބާސް ލީޑްކޮށްދެމުން ގެންދިޔަ ޕާޓޭންގެ ގްރޫޕް މާލެތެރޭގެ އެކިދިމާތަކަށް ގްރޫޕްހަދައިގެން ދުއްވާހަދާއި ބައެއްތަންތަނަށް ހަމަލާދީ ރަށުތެރޭގައި ފުޅާދާއިރާއެއްގައި ހަމަނުޖެހުން ހިންގަމުން ގެންދިޔައެވެ. އެމީހުންނާއެކު އާންމުންގެ ތެރެއިން ރުޅިގަދަވެފައި ތިބިބަޔަކު މިހަމަނުޖެހުން ތަކުގައި ބައިވެރިވަމުން ދިޔައެވެ. ހަވީރު، 5:30 އެހާކަންހާއިރުން ފެށިގެން، މިކަންތައް ދިޔައީ ބޮޑުވަމުންނެވެ. ފުޅާވަމުންނެވެ.

މާލޭގެމަގުމައްޗަށް މީހުންނުކުމެ ހިންގިޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ ތަންތާގައި އަލިފާންޖަހާ ހެދިއެވެ. މާފަންނު ވިލީފުލުސް ރޯކޮށްލިއެވެ. ހެންވޭރު ވިލީފުލުސް ރޯކޮށްލިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓްރޯކޮށް ލިއެވެ. އަދި ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީސް، (އަމީރުއަހްމަދު މަގު) ރޯކޮށްލިއެވެ. އަދި ރައްޔިތުން މަޖިލިސްކުރާގޭގެ ތެރެއަށްވަދެ ގޮނޑިތަކުގައި އިށީދެހަދާއި އެތަނަށް ގެއްލުންދޭން މަސައްކަތް ކުރިއެވެ. މާލެތެރޭގައި މިފަދަ ފަސާދަތައް ހިންގީޕާޓޭންގެ ގްރޫޕަކުންނެވެ.

އެކަންކަމުގައި އެއްވެސް ސިޔާސީ ފަރާތަކުން ބައިވެރިއެއް ނުވިއެވެ. އަދި އަޅާލާފައެއް ނެތެވެ. މިކަންތައް ރޭވިބައެއްގެ ޕްލޭންގައި އޮންނާނީ، އަޅުގަނޑުމެން ކަހަލަ ސިޔާސީ ލީޑަރުންތައް މިހަރަކާތުގައި ބައިވެރިވެ ރަށުތެރޭގައި ވަރަށް ގިނަކަންތައް ހިންގާނެކަމަށެވެ. އެހެނަސް އާދަމްޒާހިރުގެ މިރޭވުންދިޔައީ ޗޮކުންނެވެ. ސުމަކަށެވެ. ސިފައިންގެ މަރުކަޒުތަކުގައި ތިބެގެން މިފަދަކަމެއް ހިންގާއިރަށް ނުކުމެ އެފަދަ ސިޔާސީ މީހުންތައް ހިފާހައްޔަރު ކޮށްލަންތިބީ ރާވައިގެން ތައްޔާރަށެވެ.

އެހެނަސް އިސްލާހީ ހަރަކާތުގެ އެއްވެސް ސިޔާސީ ލީޑަރަކު މިއިންކަމަކާ އެދުވަހު އަޅައެއްނުލިއެވެ. އަންނިމެން އަޅުގަނޑުމެން ތިބީ ވަރަށް މަޑުންނެވެ. ކުޅިބަލާ މީހުން ގޮތުގައެވެ. ހަމަހިމޭނުގައި ތިބެގެން ކުރެވުނު މަސައްކަތެއް ބޭރާއި އެތެރޭގައި ކުރަމުން ގެންދެވުނެވެ.

އާދެ! އަޅުގަނޑު އަދިވެސްހުރީ ހުޅުމާލޭގައި ވިޒްކުންފުނީގެ މަސައްކަތު ސައިޓުގައެވެ. މާލޭގެ މެދުތެރެއިން ކަހަލަ ގޮތަކަށް އިރުއޮއްސުނު ފަހުން، ދުންއަރާތަން ފެނުނެވެ. ދެތިންދިމާލަކުން ދުންފެނުނެވެ. ކުއްލިއަކަށް، މިރޭގެ ހުޅުމާލެ މާލެފެރީ ނޯންނާނެކަމުގެ އަޑުހުޅުމާލެ ތެރެއިން އިވުމުން، ރޭގަނޑުއަށެއްގެ ފެރީން އަޅުގަނޑުމެން މާލެދިއުމަށް ނިންމައިފީމެވެ.

ހަންދުއާއި ކުޅުދުއްފުށީ އަހްމަދާއި އަޅުގަނޑާއި ބައެއް ބިދޭސީ މަސައްކަތު މީހުން، އަށެއްގެފެރީއަށް އަރައި މާލެއައުމަށް ފުރީއެވެ. އައިފެރީގައި ރޭޑިޔޯ ހުޅުވާފައި ހުރުމުން، ރައީސް މައުމޫނު ދިވެހި ގައުމައި މުޚާޠަބުކުރައްވައި ދެއްވި ތަގްރީރު އަކުރުންއަކުރަށް އަޑުއެހީމެވެ.

އޭރުމާލޭން ދުންއަރަމުންދާ މަންޒަރު ރީތިކޮށް ފެނެއެވެ. ބޯކޮށްދުންގަނޑު އަރަމުންދާތަން ފެނެއެވެ. 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހުރޭ، 8:00 ގެ ފެރީގައި އިންއިރު ރައީސް މައުމޫނު ދިވެހިގައުމާ މުޚާޠަބު ކުރައްވަމުން މިވާހަކަތައް ވިދާޅުވިއަޑު އެހީމެވެ. އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

“މާފުށީ ޖަލުގައި ހިނގިޙާދިޘާތަކާއި ގުޅިގެން މިހާރުމާލޭގެ ހާލަތުވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައްޖެ. ވަރަށްގިނަ މީހުން މަގުމައްޗަށް ނުކުމެއެކި ދިމަދިމާއަށް އެއްވެއެކިއެކި އިމާރާތަކަށް ގާއުކާއި އެނޫންވެސް ގެއްލުންތައް ދެމުންއެބަ ގެންދޭ. އޭގެސަބަބުން ވަރަށް ގިނަބަޔަކަށް ހާނީއްކަ ލިބެމުންވެސް އެބަދޭ.

އަޅުގަނޑަކީ ދިވެހިރާއްޖޭގެ ރައްޔިތުން، ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާ، އަދި ދިވެހިރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަމަސްލަޙަތު ރައްކާތެރި ކުރުމަށްޓަކައި އިންތިޚާބު ކުރައްވާފައިވާ މީހާ. އެހެންވީމާ އަޅުގަނޑު ދިވެހިރާއްޖޭގެ ލޮބުވެތި އަދި ވަފާތެރި ރައްޔިތުންގެ އަރިހުން މިއެދެނީ ހުރިހާބޭފުޅުން ވެސް ހަމަޖެހި ވަޑައިގެން ގޭގެއަށް ވަޑައިގެން އަދި އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ފުރުޞަތު ދެއްވުން.

މިކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާއި ކުށްވެރިވާ ބަޔަކުހޯދާއި އެބަޔަކާދޭތެރޭގައި ގާނޫނީފިޔަވަޅު އަޅައި، އަޅުގަނޑު ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ފުރުޞަތު ދެއްވުން. ހިނގާދިޔަ ޙާދިޘާތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލަންޏާ، ވަރަށް ހިތާމަވެރި ދެޙާދިޘާވަނީ ހިނގާފައި. އެދެޙާދިޘާމެ ހިނގީވަކިވަކިން. އޭގެތެރެއިން އެއްޙާދިޘާއަކީ، ރޭގައި ޖަލުގައި ހިނގިޙާދިޘާއެއް.

އާދެ! ޖަލުގައިހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން، މީހަކުވަނީ މަރުވެފައި. ދެވަނަޙާދިޘާއަކީ، މިއަދުހިނގާދިޔަ ޙާދިޘާއެއް. އާދެ! އެކިއެކި ގޮޅިތަކުގައި ބަންދުކޮށްފައިތިބި ކުށްވެރިންނުކުމެ ގޮޅިތައްތަޅާލައި ނުކުމެ، އެތާނގައިތިބި ގާޑުންނަށް ހަމަލާދީ، އަދި އެންމެފަހުން ބަޑިގުދަނާދިމާއަށް އައިސް ބަޑިގުދަނަށް ހަމަލާދީ މިކަންތައްތައް ހިންގީ. އެހެންކަމުން ސަރުކާރަށް ޖެހުނީ، އެވަގުތު ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މަޖްބޫރުން އަޅަން.

އާދެ! އެތާނގައިތިބި ސިފައިންގެމީހުން، ބަޑިގުދަން ރައްކާތެރި ކުރަންތިބި ސިފައިންގެ މީހުން، ފުރަތަމަ އެމީހުންނަށް ނަޞޭޙަތްދީ އިންޒާރުކޮށް އެމީހުންފަހަތަށް ނުދިއުމުން ވަޔަށްބަޑިޖަހާއި ވަޔަށް، ޖައްވުގެ ތެރެއަށް ފަޒާގެތެރެއަށް ބަޑިޖަހައި އެވަރުންވެސް ކޮންޓްރޯލްނުވެގެން އެންމެފަހުން ޖެހުނީ، ބައެއްމީހުންގަޔަށް އުންޑައަރާގޮތަށް ހަތިޔާރުގެ ބޭނުންކުރަން. މިއީވެސް އަޅުގަނޑު ވަރަށްބޮޑަށް ހިތާމަކުރާކަމެއް. މިކަހަލަކަމެއް ވުމަކީ، އެއްގޮތަކަށް ވެސް އަޅުގަނޑު އެދޭކަމެއްނޫން.

އަދި ދިވެހިރައްޔިތުންގެ ތެރެއިންވެސް ބޭފުޅަކު އެދިވަޑައި ގަންނަވާނެ ކަމެއްނޫން. ދަންނަވާލަން ބޭނުންވަނީ، މިއަދުމިހިނގި ޙާދިޘާގެ ސަބަބުން އެކިއެކިއަނިޔާ ލިބުނުމީހުން، މިހާރުއެމީހުންނަށް ވަނީ، ފަރުވާދޭން ފަށާފައޭ. އޭގެތެރެއިން ހަތަރުމީހަކުގެ ޙާލަތުތަންކޮޅެއް ނުރައްކާކަމަށް ޑޮކްޓަރުންނަށް ފެނިވަޑައި ގަންނަވާތީ އެމީހުންމިހާރުވަނީ، މާލެގެނެވިފައި. ވަރަށްއަވަހަށް ހޮސްޕިޓަލުން އެމީހުންނަށް ފަރުވާދެވެން ފެށޭނެ.”

ދެން މާލެއައިސް ފެރީލަފާތަނަށް ކައިރިކުރިއިރު، އެދިމާލު މަގުމަތީގައި ބައިވަރު ސިފައިން ފުލްކިޓްގައި ތިއްބެވެ. އަދި އާމަޑްކާރެއް ދެކޮޅަށް ދުއްވަމުން، އަޑުގަދަކުރާއިން މިދިމާހުސްކުރުމަށް ގޮވަމުން މަޑުމަޑުން ދުއްވާހަދައެވެ. ކަމާނުބެހޭ މީހުންދުރަށް ދިއުމަށް އަޑުގަދަކުރާއިން ގޮވަމުން ގެންދެއެވެ. ދޯނިންފައިބައިގެން އަޅުގަނޑު ދިޔައީ ހިނގާފައެވެ. ހަންދުއާއި ވިޒްކުންފުނީގެ މަސައްކަތު މީހުން، އަމީރުއަހްމަދު މަގުގައިއޮތް ވިޒްކޯ ލޯރީގައި އެމީހުންވެސް ގެއަށް ހިނގައްޖެއެވެ.

އަޅުގަނޑު ހިނގާފައި ދިޔައީ ތޮށިގަނޑުމަތީން ހުޅަގަށެވެ. ސްޓޭޓްބޭންކް އޮފް އިންޑިޔާ ކުރިމަތީން ބޭންކް އޮފް މޯލްޑިވްސް ކުރިމަތިންނެވެ. ކޯސްޓަގާޑް ބިލްޑިންގް ކައިރީގައި މަދުބަޔަކު ދުރަށް ނުގޮސްތިއްބެވެ. އޭރުހުރީ ބައެއް ބިއްލޫރިތައް ތަޅާލާފައެވެ. މުޅިމަގުގައިތިބީ ސިފައިންނެވެ. ތައްޔާރީ ހާލަތުގައެވެ.

ދެދިމާއަކުން އަޅުގަނޑު ހުއްޓުވާފައި ސުވާލުކުރުމުން، މިއައިސްފޭބީ ހުޅުމާލޭންކަމާއި މިދަނީހިނގާލާފައި ގެއާދިމާއަށޭ ބުނުމުން ދޫކޮށްލައެވެ. އެޓޮލްސްއިން ނެއްޓި ސިފައިންގެ އާބިލްޑިންގު ކުރިމަތިން ތިންނަންބަރު ފާލަމާ ދިމާއިން ތޮށިގަނޑުމަތިން ސިފައިގޭގައި އުޅުއްވާ އިސްއޮފިސަރެއް ކަމުގައިވާ، ހުސައިން ޝާކިރާ ދިމާވެގެން ކޮންތާކަށްތޯ އެއްސެވުމުން، މިދަނީގެއަށޭ މިއައީހުޅުމާލޭންނޭ ދެންނެވުމުން އަވަހަށްދާށޭ ވިދާޅުވިއެވެ.

ދެންހިނގާފައި ބޮޑުފާލަން ކުރިމަތިންގޮސް ޗާނދަނީމަގަށް އަޅާއި ދެން އޯކިޑްމަގަށް އަޅައިގެން ދިޔައީގެއަށެވެ. ރިޔާސީ ގަނޑުވަރާ ދިމާލުން މަގުމަތިން ރައީސް މައުމޫނުގެ ޚާއްސަ ބޮޑީގާޑުންނައި ދިމާވުމުން، އެބޭފުޅުންނާ ބައްދަލުކޮށް ސަލާމްކުރީމެވެ. ދެންވެސް އޯކިޑްމަގުން ހުޅަގަށް ހިނގާފައިގޮސް، ޖަވާހިރުވާދީއަށް އައިސްވަނީއެވެ. ދެންއޭގެފަހުން މާލެތެރެއަށް ނުނިކުންނަމެވެ. ގެއަށްވަދެ ބީބީސީބަލަން ގޭގައި އިނީއެވެ. އަދި ދޭތެރެދޭތެރެއިން ޓީވީއެމް ވެސް ބަލަމުން ގެންދަމެވެ.

ނިދަންވަންދެން އިނީގޭގައެވެ. ހެދުނުހޭލައިގެން، 7:00 ގައި އޮފީހަށް ދިއުމަށްނޫނީ ގެއިން ނުނިކުންނަމެވެ. ރޭމުޅިމާލެއޮތީ ސިފައިންގެ ކޮންޓްރޯލް ދަށުގައެވެ. ޚަބަރުތަކުންނާއި މީހުންގެ ފޯނުކޯލްތަކުން ލިބުނު މަޢުލޫމާތުތަކަށް ނަޒަރުކޮށް މާލެތެރޭގައި ޕާޓޭގުރޫޕުންނާއި ރައްޔިތުންގެ ތެރެއިން ބައެއްމީހުން ވެގެން ގެއްލުންދީފައިވާ ތަންތަން ކަމުގައި އަޅުގަނޑަށް ނޯޓުކުރެވުނީ މިތަންނަނެވެ.

= ކޮމިޝަނަރ އޮފް އިލެކްޝަންސް އޮފީސް (އަލިފާން ރޯކޮށްލާފައި)

= ކޯސްޓްގާޑް ބިލްޑިންގް (ބިއްލޫރިތައް ތަޅާލާފައި)

= ކޯސްޓަގާޑް ބިލްޑިންގް ކުރިމަތީގައިހުރި ބައެއްސައިކަލްތައް ރޯކޮށްލާފައި. ބިލްޑިންގުގެ ބައެއްބިއްލޫރިތައް ތަޅާލާފައި.

= ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މައިދޮރަށް ހަމަލާދީ ނޯޓިސްބޯޑުގެ ބިއްލޫރިގަނޑި ތަޅާލާފައި.

= އައިޖީއެމް ހޮސްޕިޓަލަށް ގެއްލުން ދީފައިހުއްޓެވެ.

= 3 ވިލީފުލުސް އޮފީހެއް ރޯކޮށްލާފައިވެއެވެ.

= ސިފައިންގެ ޖީޕަކަށް ހަމަލާދީ ބަންޑުންޖަހާލާފައި ވެއެވެ. އަދި ސިފައިންގެ ލޯރިއަކަށް ވެސް ހަމަލާދީފައިވެއެވެ.

= ރައްޔިތުންމަޖިލިސް ކުރާގެއަށް މީހުންގަނޑުވަދެ ގޮނޑިތައް އުކާލާހަދާފައިވެއެވެ.

= ދަރުބާރުގެއަށް މީހުންގަނޑު ވަދެގެންފައި ވެއެވެ. މިކަންތައްތައް މަތަކޮށް އޮބެހެއްޓުމަށް ކަރުނަގޭސް ސިފައިން ބޭނުންކޮށް ފައިވެއެވެ.

އާދެ! މިހުރިހާ ޚަބަރުތަކެއް އޮޅުންފިލުވުމަށް ފަހު، ނިދަން އެނދަށްއެރީ ވަރަށް ދަންކޮށްފައެވެ. ފަތިހުހޭލައިގެން، މާދަމާ އެޓޮލްސްއަށް، ވަޒީފާއަށް ނުކުތުމަށެވެ.

21 ސެޕްޓެމްބަރ 2003މ. 24 ރަޖަބް 1424ހ، ވީއާދީއްތަ ދުވަސް، އަދައިގެމަތިން ފަތިސްނަމާދަށް ފަހު، ފެންވަރާއި ހެނދުނު ނާޝްތާކޮށްގެން، 7:00 ށް މިނިސްޓްރީ އޮފް އެޓޮލްސްއަށް ދިޔައިމެވެ. ހެނދުނު، 9 ޖެހިފަހުން މެންދުރުކުރިން، ޟިޔާޢައްބާސްއާއި ބޮޑުފަލާޙްއާއި އިތުރު، 12 ވަރަކަށް ކުދިން، އެޓޮލްސް ކުރިމަތިން ދޫނިދޫއަށް ގެންދިޔަތަން ފެނުނެވެ.

މިއެންމެން ވެސްތިބީ ބިޑިއަޅުވާފައެވެ. މިއެންމެން އަރުވައިގެން ގެންދިޔައީ ސިފައިން ގެންގުޅޭކުޑަ ކޮޅުވެއްޓީގައެވެ. މީގެތެރޭގައި ގިނައި ޟިޔާޢައްބާހާއެކު އުޅުނު ޕާޓޭންނެވެ. ޕާޓޭންތައް ތިބެނީ ކޮންމެވެސް ސިޔާސީ ރޭވުމެއްގެ ދަށުން، ޖަލުންނެރެ ދޫކޮށްލާފައެވެ. މާލެތެރޭގައި ނުބައެއް ހައްދަންބޭނުންވާ ކޮންމެފަހަރަކު ޖަލުގެ ކުށްވެރިންތައް ނެރެރަށު ތެރެއަށް ދޫކޮށްލައެވެ.

މިއީ އާދަވެގެން ސިފައިން ކުރާކަމެކެވެ. އާދްމްޒާހިރުގެ ބެލުމުގެދަށުން ކުރާކަމެކެވެ. މިގުރޫޕްގައި ޟިޔާއާއި ފަލާޙުގެ އިތުރުން ހިމެނެނީ، މ.އެރޯވިލާ އަބްދުﷲ އެލެގްޒެންޑާއާއި ސ.ހުޅުދޫ ވެލްކަމްވިލާ އަބްދުﷲ ޝަބީރާއި މ.ހަތިކަނޑު އަހްމަދު މޫސާއާއި ގއ.ކަނޑުހުޅުދޫ ވިދާތަރި އިކްލީލް އިބްރާހީމާއި މިކަހަލަ ގުރޫޕެކެވެ.

މިޙާދިޘާގައި އަޅުގަނޑު ޖަލަށްލުން:

މިއަދު އޮފީސް ނިންމާލާފައި އޮފީހުން ގެއަށްދާން ނުކުމެ މެންދުރުފަހު، 2:30 އެހާކަންހާއިރު ބޭރުގައިހުއްޓާ، ސިފައިންގެ ބޭކަލަކު ދުރުވެ، އެތާންގައިހުރި އެޓޮލްސްގެ އަންހެން މުވައްފެއް ކައިރީގައި އިލްޔާސް އުޅުއްވާހޭ، އެއްސެވިއިރު އަޅުގަނޑަށް ހުރެވުނީ އެމީހުންނާ ވަރަށް ކައިރީގައެވެ. މިއީ އިލްޔާސްކަމަށް އަމިއްލައަށް ސިފައިންގެ މީހާއާތަޢާރުފް ވުމުން އޭނާވިދާޅުވީ، އަވަހަށް މިހާރު ސިފައިންގެއަށް ދާންވީ ކަމަށެވެ.

ދެން އަވަހަށް މަންމައާގުޅާފައި އޮފީހުގައިހުއްޓައި ސިފައިން ބަލާއައުމުން މިދަނީ ސިފައިންގެއަށް ކަމަށްބުނެ، އެއްގޮތަކަށް ވެސް ހިތާމަނުކުރުމަށާއި ދެރަނުވުމަށާއި ހިތްވަރުކުރުމަށް މަންމައަށް ނަޞޭޙަތްތެރި ވެފައި އޭނައާއެކު ސިފައިންގެއަށް ގޮސްވަނީއެވެ. އޮފީހަށް ދިޔަހެދުމުގައެވެ. ސިފައިންގެ ތެރެއަށް ވަދެވުނީ މެންދުރުފަހު، 3 ޖަހަން އުޅެނިކޮށެވެ. ތިރީގައި އިރުގަނޑަކު ބޭންދުމަށް ފަހު، މައްޗަށް އެރުވައި ގެންގޮސްވެއްދީ ތަހްގީގުކުރުމަށް ހަދާފައިހުންނަ ކުޑަކުޑަކޮޓަރި އެއްކަހަލަ ތަނަކަށެވެ.

މީގެދެތިން ހަތަރުތަން ފެންނަން ހުއްޓެވެ. އެތާނތެރޭގައި މާގިނައިރެއް ނުވަނީސް ފޮތަކާއި ގަލަމެއް ހިފައިގެން އައިސްވަނީ، މއ.ނައިބު މުހަންމަދު ހަލީމާއި އަދިވެސް އެހެން އާދައިގެ ސިފައިންގެ މީހެކެވެ. ޙަލީމަކީ ތަހްގީގުކުރުމުގައި އުޅުއްވާމަތީ އޮފިސަރެކެވެ. މިދިޔަފަހަރު ވެސް މީނާއާވަނީ ދިމާވެފައެވެ. ތަހްގީގުކޮޓަރި ހުންނަނީ ފުރަތަމަބުރީގައެވެ. މިބިލްޑިންގަކީ ޝަހީދު ޙުސައިންއާދަމް ބިލްޑިންގެވެ. ސިޑިހުންނަނީ ބިލްޑިންގުގެ މެދެއްހާ ހިސާބުގައެވެ.

ގުރައުންޑްފުލޯގެ ދަށަށްހުންނަނީ ޖަލުބައެވެ. އެއީ ބިންގަރާހެކެވެ. މިއީ ބިމުގެއަޑީގައި ހަދާފައި ހުންނައަނިޔާވެރި ބައެކެވެ. ބިންގަރާހުގެ މިބުރީގައި އެކިވަރުވަރުގެ ގޮޅިތަކާއި ކުޑަގުދަނެއް ހުރެއެވެ. މިއީއަނިޔާކުރުމަށް ހަދާފައިހުރި ބިމުއަޑީގެ ޖަލެކެވެ. ދިހަވަރަކަށް ގޮޅި ހުންނާނެހެން ހީވެއެވެ.

ޙަލީމް ފުރަތަމަވެސް ކުރެއްވި ސުވާލަކީ، މިގެނެވުނީ އިލްޔާސާ ގުޅޭގޮތުން މިތަނަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެންނެވެ. އެރިޕޯޓުގައިވަނީ، 20 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަހު (އިއްޔެ) މަގުމައްޗަށް މީހުންނުކުމެ މާލެތެރޭގައި ހިނގާދިޔަ ޣައިރުޤާނޫނީ ޢަމަލުތަކާއި ހަމަނުޖެހުން ތަކުގައި ސަރުކާރުގެ އިމާރާތްތަކާއި އެކިއެއްޗިއްސަށް ގެއްލުންދީ ހަލާކުކޮށް ހުޅުޖާހެދުމުގެ ކަންތައްތަކުގައި، ސިޔާސީމީހެއްގެ ގޮތުން އިލްޔާސް އިސްކޮށް އުޅުއްވާފައިވާ ކަމަށް ޚަބަރުލިބިފައި ވާތީއެވެ.

އަދި ސޯސަންމަގުން ގްރޫޕަކާއެކު އިލްޔާސް އިސްކޮށް ހުރެގެންގޮސް ސަރުކާރު މުވައްޒަފުންގެ ނާދީއަށް ވަދެއެތަނުން ނުކުތްތަން ފެނިފައި ވާތީއެވެ. މިކަމާ، އިލްޔާސް ބުނުއްވަނީ ކީކޭތޯއެވެ؟ އަޅުގަނޑު ހޮނިހިރު ދުވަހު ކަންތައް ކުރިގޮތާއި އަޅުގަނޑު އެދުވަހު ދިޔަތަންތަނާއި އުޅުނުގޮތް ހަލީމަށް ކިޔައިދިނުމުން، ކުރުބަޔާނެއްނަގައި އިނގިލީގެ ނިޝާން ޖައްސުވާ ފައިބުނީ، މަޑުކޮށްލުމަށެވެ. ދެން ގްރައުންޑް ފުލޯއަށް ތިރިއަށް ގެނެސް ކައުންޓަރުތައް ކުރިމަތީގައިހުރި ގޮނޑިބަރީގައި ބައިންދާފައި، ހަލީމް އެރުއްވީ މައްޗަށެވެ. އަޅުގަނޑު ލައްވާސޮއިކުރުވި މިބަޔާނުގައި ލިޔެފައިއޮތީ މިޢިބާރާތްތަކެވެ.

“20 ސެޕްޓެމްބަރ 2003 ދުވަހަކީ ހޮނިހިރު ދުވަހަކަށް ވެފައި ބަންދު ދުވަހަކަށްވާތީ، ހެނދުނުގެ ނާޝްތާއަށް ފަހު، ނިދާލާފައި ހޭލެވުނީ، 12 ޖަހާއެހާކަން ހާއިރެވެ. ދެން މެންދުރުނަމާދު ކޮށްލައިގެން، ކެއުމަށްފަހު ގަސްދުކުރީ އޮފީހަށް އެޓޮލްސްއަށް ވަދެލާފައި ކުރަންހުރި ކަންތައްކޮށްފައި ހަވީރުވީމާ، 4 ގެފެރީން ހުޅުމާލެއަށް ދާށެވެ. އެގޮތަށްވިސްނީ ހުޅުމާލޭގައި އަޅުގަނޑު މެންގެ ކުންފުނި ކަމުގަިއވާ ދަވިޒްކޯއިިން ބޮޑުމަޝްރޫޢެއް ހިންގާތީ، އެސައިޓް ބަލާލުމަށެވެ.

އެހެނަސް ގެއިންނުކުތް ތަނާހެން ކުއްޅަވަށް ގޭގައިހުންނަ ޓުވިންޕީކްސް ކައިރިން ދެތިންއަންހެން ކުދިންނާދިމާވެގެން، ޖަލުގައި ސިފައިން މަރާލިކުއްޖާ ސަހަރާގައި މޫނުދެއްކުމަށް ބާއްވާފައި އެބައޮތްކަމަށް ބުންޏެވެ. އަދި ދޭއްގެޚަބަރުގައި ރޭޑިޔޯއިންނާއި ޓީވީން މިވާހަކަތައް ކިޔާނޭ އެކުދިން ބުންޏެވެ. ދެން އަނބުރާލާފައި ގޮސްގެއަށްވަދެ ޚަބަރުބަލާއި އަޑުއެހީއެވެ. (ސިފައިންނަށް ސިލްވަރސީން އަލިބެކައިރިއަށް ޚަބަރުބަލަން ވަތްވާހަކަ ކިޔައެއް ނުދެމެވެ.

އަދި އަލިބެދިރިއުޅޭ ހައިވަކަރުގެއިން ސަހަރާއަށް ދިޔައީ ފިލްމުކުޅޭ މަޝްހޫރު ޔޫސޭ ފޮނުވި ކުއްޖެއްގެ ސައިކަލުގެ ފަހަތުގައި ކަންވެސް ސިފައިންނަށް ކިޔައިނުދީ ހިފޭއްޓީ، ތަހުގީގު އެތައްބަޔަކަށް ދިގުދެމިގެން ދާނެތީއެވެ.) ރާއްޖެޓީވީއާއި ރޭޑިޔޯ ޚަބަރުގައި މާފުށީ ޖަލުގައި އިއްޔަރޭފަތިހު ހިނގާދިޔަ ޙާދިޘާއެއްގައި ސިފައިނާއި ކުށްވެރިންނާ ދެމެދު ހިނގިކަންތަކެއްގައި އީވާން ނަސީމް ކިޔާކުއްޖަކު މަރުވެއްޖެކަމާއި އެޙާދިޘާ ތަހުގީގުކޮށް ބެލުމަށް ސަރުކާރުން ނިންމަވާއި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފި ކަމަށްކިއެވެ.

އެކޮމިޝަނުގައި ތިއްބަވާނީ، އަބްދުއްސައްތާރު މޫސާދީދީ، ޔުނިސެފްގައި އުޅުއްވު އައްޑޫ ޢައިޝާ، ސީޕްރިޔާ ސަޢީދު، ޝާހީންޙަމީދު، އަދި ޑޮކްޓަރ ޞާލިޙް ކަމަށް ހަމަޖައްސަވައި ފިކަމަށެވެ. މިޚަބަރުތައް އެހުމަށްފަހު، އީވާނަކީ ކޮންކުއްޖެއްތޯ އޮޅުންފިލުވާ ލުމުންއެއީ އަޅުގަނޑުމެން ޢާއިލާއާގާތް ގުޅުމެއްއޮންނަ މާގަސްދޮށުގޭގައި ހުންނެވި، ނަސީމްގެ ދަރިއެއްކަން އޮޅުންފިލައި ފިއެވެ. މިނަސީމަކީ، އަޅުގަނޑުގެ ލޮބުވެތި ބައްޕައަރިހުގައި ކޮނޑޭވޯކްޝޮޕްގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި އަޅުގަނޑުމެންގޭގެ ބޮޑުފިހާރާގައި ބައްޕަބުނުއްވާ ކަންތައްކޮށްދިނުމަށް އުޅުއްވި ބޭފުޅެކެވެ.

އަދި މީނާއަކީ ވަރަށް ގިނަގިނައިން ޖަވާހިރުވާދީއަށް އެދުވަސްވަރު އައިސްގޮސްވެ އުޅުއްވި ބޭފުޅެކެވެ. އެހެންވުމާއެކު އަޅުގަނޑު އަވަސްވެގަތީ ނަސީމުގެ ދަރިފުޅު، އީވާން ނަސީމުގެ މޫނުދުށުމަށް ސަހަރާއަށް ދިއުމަށެވެ. އެސުންނަތް ފުރިހަމަ ކުރުމަށެވެ. ސަހަރާއަށް ވަދެވުނުއިރު ޢަޞުރުނަމާދަށް ގޮވަންވަނީ، ވަރަށްކައިރި ވެފައެވެ. އަލިބެ ގެއަށާއި ސަހަރާއަށް ދިޔައީ ހިންގާފައެވެ. (ސިފައިންނަށް އަންނިއާ ބައްދަލުވި ވާހަކައާއި ޔޫސޭގެ ގްރޫޕްގެ ވާހަކަތައް ތަހުގީގު ދިގުވެދާނެތީ ކިޔައެއް ނުދެމެވެ.

އަދި ސަހަރާއަށް ދިޔައީ، ޔޫސޭފޮނުވި މީހެއްގެފަހަތުގައި ސައިކަލުގައިކަން ބޭއްވީ ސިއްރުކޮށްފައެވެ.) ސަހަރާއަށް ވަދެވުނުއިރު ގާތްގަޑަކަށް ހަވީރު، 3 ޖަހާފާނެއެވެ. ސަހަރާއަށްވަދެ، ވުޟޫއުކޮށްލައިގެން ޢަޞުރުނަމާދަށް ތައްޔާރުވީއެވެ. އަދި ނަމާދަށް އިރުކޮޅެއް އޮތުމުން، ހިނަވާގެއަށްވަދެ، އީވާން ނަސީމްގެ މޫނުދުށީއެވެ.

އިވާން ވަށައިގެން އެނބުރުނީމެވެ. އަތްލައިހެދީމެވެ. ފޮތިގަނޑާ ކުޅުނީމެވެ. އެހެނަސް ފޮތިގަނޑުނެގީ އަޅުގަނޑެއް ނޫނެވެ. އެކިމީހުން އަތްލާހަދަމުން ގެންދާތީ ހުރިހާދިމާއަކުން ފޮތިގަނޑު މައްޗަށް އަރަމުންގޮސް ފޫޅާއިކަކުލާ ދެމެދުގައި ފޮތިގަނޑު ގުޅައަކަށް އޮއްވާ އަޅުގަނޑު ވެސް ދުށީއެގޮތަށެވެ. ވަރަށްގިނަ މީހުންފޮޓޯނަގާއި މޫވީކުރަމުން ގެންދާތަން ދުށީމެވެ. ދެން އެއަށްފަހު، ޖަމާޢަތުގައި ޢަޞުރުނަމާދު ކުރީމެވެ. އަދި ސަހަރާގައި، 4:45 ނުވަތަ، 5 ޖަހަންދެން މަޑުކުރީމެވެ.

ސަހަރާތެރެއިން ދިމާވި މީހުންނަކީ، އަބްދުއްސައްތާރު މޫސާދީދީ، ޝަހީން ޙަމީދު، އައްޑޫޢައިޝާ، ސީޕްރިޔާސަޢީދު، ޝައިޚް ހަސަންޔޫސުފް، ޝައިޚް އަހްމަދު ފާރޫޤް މުހަންމަދު، މިނިސްޓަރ އަބްދުއްރަޝީދު ހުސައިންއާއި މިފަދަ ސަރުކާރުގެ އިސްބޭފުޅުންނާއެވެ. (އެހެންކޮން ބައަކާތޯ ބައްދަލުކުރީ އެހުމުން ވެސް އިތުރުބަޔަކާ ބައްދަލުނުކުރާ ކަމަށްބުނީ، ތަހްގީގު ކުރުކުރާށެވެ.

ޔޫސޭއާއި އަންނިގެ ބައިތައް ސިއްރުކޮށް، މުޅިން ދޫކޮށްލީއެވެ.) ދެން ސަހަރާއިން ނުކުމެގެން ހިނގާފާއައިސްވަނީ، ސިލްވަރސީން އަލިބެ ދިރިއުޅުއްވާގެ ކަމުގައިވާ މއ.ހައިވަކަރުގެ އަށެވެ. ހަވީރުސައި ބޮއިހެދީ އަލިބެއާއެކު އެގެއިންނެވެ. ސައިބޮއި ނިމިގެން، ސިލްވަރސީން އަޖްވަދު ވަހީދު، އަޖޫގެ ސައިކަލް ފަހަތުގައި ދިޔައީ ހުޅުމާލެ ފެރީޓާމިނަލަށެވެ. އަވަހަށް ހުޅުމާލެއަށް ދިއުމަށެވެ.

އެހިސާބަށް ދެވުނުއިރު، 6 ގެފެރީ ވާތައްމޮހެލައި ނައްޓާލަނީއެވެ. ދެންއަތުންނާއި ހަޅޭލަވާގިވައިގެން އެމީހުން ކައިރިކުރީ ފެރީގެފަހަތުކޮޅު ތޮށިގަނޑާއެވެ. މެރިންޑްރައިވާ ދިމާލުންނެވެ. ދެން ފެރީއަށް ފުންމާލައިގެން އެރީއެވެ. މިކަންމިގޮތަށްކުރީ ވީހާއަވަހަށް ހުޅުމާލެއަށް ދިއުމުގެ ބޭނުމުގައެވެ. މިފެރީއަށް ނޭރިއްޖެނަމަ ލަސްވާނެތީއެވެ. މާލޭގައިގިނަ ވަގުތުހުންނަން ޖެހޭނެތީއެވެ.

އެދުވަސްވަރު މިގޮތަށް ފެރީއަށް އަރުވައިދީ ހަދައެވެ. ދެން ހުޅުމާލެއަށް ދެވުމުން، ހުޅުމާލޭގައި ހުންނަ މިސްކިތަށް އަރައި މަޣްރިބްނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް، ދެނަމާދު ކޮށްނިމިގެން ދިޔައީ ވިޒްކޮމްޕެނީގެ މަސައްކަތު ސައިޓަށެވެ. (ސިއްކަގޭ ނަސީމްބެއާ ފޯނުންގުޅާހެދި ވާހަކަތައް ސިފައިންނަށް ކިޔައިނުދީ ސިއްރުކުރީއެވެ.) މިސައިޓުގައި އިސްކޮށްހުރީ އަޅުގަނޑުގެ ކޮއްކޮ އަހްމަދުރަޝީދު ހުސައިން (ހަންދު) އެވެ. މިސްކިތުން ސައިޓަށް ދިޔައީ ހަންދުގެ ޕިކްއަޕްގައެވެ. އަޅުގަނޑު ނަމާދުކޮށް ނިމިގެން ހަންދުއާ ގުޅީމާ އޭނާބަލާ އައީއެވެ.

ސައިޓުން ފެރީއާހަމައަށް، މާލެއައުމަށް އައީވެސް ހަންދުމެންގެ ޕިކްއަޕްގައި އެމީހުންނާ އެކުގައެވެ. ވިޒްކުންފުނީގައި މަސައްކަތްކުރާ ބިދޭސީންނާއި ދިވެހިސަރުދާރެއް ކަމުގައިވާ ކުޅުދުއްފުށީ އަހްމަދު ވެސް އަޅުގަނޑު މެންނާއެކުއައެވެ.

މާލެއައީ މިއެންމެން އެކުގައި ރޭގަނޑު އަށެއްގެ ފެރީންނެވެ. މާލެއައި މަގުމަތީގައި ފެރީގެކެޕްޓަން ލައްވައި ރައީސް މައުމޫނުގެ ޚިޠާބެއް އަށެއްޖަހާއިރު އޮންނަކަން އެނގިފައިވާތީ، ފެރީގެރޭޑިޔޯ އޭނާ ޓުއިންކޮށްދިނީމާ ރައީސް މައުމޫނު، ދިވެހިރައްޔިތުންނާ މުޚާޠަބުކުރެއްވި ޚީޠާބުގެއަޑު ފެރީގައި ހުރެގެން އެހީމެވެ.

މިކަން ފެރީދުއްވަންއިން ކެޕްޓަނަށް ހަނދާންހުރިއްޔާ އެނގޭނެއެވެ. އަދި ކުޅުދުއްފުށީ އަހްމަދާއި ހަންދުއަށް ވެސް އެނގޭނެއެވެ. މާލެއިން އަރަމުންދިޔަ ބޯދުންތައް ފެރީގައިތިބިއިރު އަޅުގަނޑުމެންނަށް ފެނުނެވެ. މިވާހަކަތައް ފެރީތެރޭގައި އެކަކުއަނެކަކަށް ދައްކާވެސް ހެދީމެވެ.

އަދި މާލެ އައިސްފޭބީ، ސްޓޭޓްބޭންކް އޮފް އިންޑިޔާ ކުރިމަތީ ތޮށިގަނޑާ ދިމާއަށެވެ. އެއީ ފެރީފުރާ އަދި ލަފާހަދާ ހިސާބެވެ. މާލެއަށް ފޭބިއިރުއެތާ ކައިރީގައި ސިފައިންގެ އާމަޑްކާރެއް ދުއްވާލަ ދުއްވާލާއޮތެވެ. ސިފައިންގެއާ ދިމާއަށް އެއްވެސްމީހަކު ނުދިއުމަށް އަޑުގަދަކުރާ އެއްބޭނުންކޮށްގެން އާމަޑްކާރ ތެރެއިން ގޮވަމުން ގެންދެއެވެ.

ދެން އެތާތޮށިގަނޑު މަތީގައި ހުންނެވި ސިފައިންގެ ބޭކަލެއް ކައިރީގައި އަޅުގަނޑު މިއައި ހުޅުމާލޭން ކަމާއި މިދަނީ ގެއަށްކަމަށާއި ގެއަށް ފަސޭހައިން ދެވޭނީ، ތޮށިގަނޑު މަތިންލާފައި ހުޅަގަށްގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އެޅައިގެން ދިއުމުން، ފަސޭހައިން ގެއަށް ދެވޭނެކަމަށް ބުނެދިނުމުން އޭނާހުއްދަ ދެއްވީ، މިގޮތަށްގެއަށް ދިއުމަށެވެ. ދެން ގެއަށްދިއުމަށް ހިނގައި ގަތީއެވެ. ބޭންކް އޮފް މޯލްޑިވްސް ކުރިމަތިން ރައީސް އޮފީސް ކުރިމަތިން ތޮށިގަނޑު މަތިން ހިނގާފައި ކުރިޔަށް ދިޔައީއެވެ.

ސިފައިންގެ އެންއެސްއެސް ބިލްޑިންގް ކުރިމަތިން ތޮށިގަނޑު މަތިން، ސިފައިންގެއިސް އޮފިސަރެއް ކަމުގައިވާ ޙުސައިންޝާކިރާ ދިމާވުމުން، ސަލާމްކޮށް ހާލުއަހުވާލު އަހާލާހެދުމަށް ފަހު، އަނެއްކާވެސް ހިނގައިގަތީ ގެއާދިމާއަށެވެ. ބީޗްރޯޑުން ވައަތަށް ޗާންދަނީމަގަށް އަޅާއި ދެކުނަށްގޮސް ކަނާއަތަށް އޯކިޑަމަގަށް އަޅައި އޯކިޑްމަގުން ހުޅަގަށް ޖަވާހިރުވާދީއާ ދިމާއަށް ހިނގާފައި ދިޔައީއެވެ. އަދި ރިޔާސީ ގަނޑުވަރު ތީމުގޭކުރިމަތިން ރައީސް މައުމޫނުގެ ޚާއްސަ ބޮޑީގާޑުންގެ ބޭފުޅުންކޮޅެއް އެތާތިއްބާ ފެނުމުން އެމީހުންނައި އޭގެތެރޭގައި އިސްކޮށް ހުންނެވީ ރައްޓެއްސަކަށްވާތީ އޭނާއާސަލާންކޮށް ވާހަކަދައްކާ ލުމަށްފަހު، ހިނގައިގަތީ ޖަވާހިރުވާދީއަށް ދިއުމަށެވެ.

ދެން ގެއަށްވަތް ގޮތަށްގެއިން އެއްގޮތަކަށް ވެސް އެރެއަކު ނުނިކުންނަމެވެ. ފެރީން މާލެއަށް ފޭބުނީރޭގަނޑު، 8:25 އެހާކަންހާއިރެވެ. ގެއަށް ވަދެވޭނީ ގާތްގަނޑަކަށް ރޭގަނޑު، 9 ޖަހަން ކައިރިވެފައި ވަނިކޮށް ކަމަށް ބެލެވެއެވެ.

ދެން ޓިވީންޚަބަރުތައް ބަލަން އިނދެފައި ނިދީއެވެ. ގެއިންބޭރަށް ނުކުތީ، އަނެއްދުވަހު މިނިސްޓްރީއަށް، އަޅުގަނޑުގެ ވަޒީފާއަށް ދިއުމަށެވެ. އެއީ، މިއަދު، (21 ސެޕްޓެމްބަރ 2003 ވީއާދީއްތަ) އެވެ. އޮފީހުން ނިމިގެން ގެއަށްދާން ވެގެންބޭރަށް ނުކުތްތަނުން އަޅުގަނޑު ގެނެވުނީ މިތަނަށެވެ. ސިފައިންގެއަށެވެ.

ދެން ފެއްޓެވީ މިކުރެވޭ ސުވާލުތައް ކުރައްވާށެވެ. ވަރަށް ރަނގަޅަށް، ވަރަށް ތަފްސީލުކޮށް މިކިޔައިދެވުނީ، ސެޕްޓެމްބަރ 19 އާއި 20 އާއި 21 މިތިންދުވަހު އަޅުގަނޑު އުޅުނު ގޮތާއި އަޅުގަނޑު ކުރިކަންތަކުގެ ތަފްސީލެވެ.”

މިނޫންކަމެއް ހިންގާއި އިތުރުހަރަކާތެއް އަޅުގަނޑުގެ ފަރާތުން ހިނގާފައެއް ނުވާނެކަން އަޅުގަނޑަށް ކަށަވަރެވެ. އިތުރު ހެއްކެއް ތިޔަބޭފުޅުން އަތުގައި ހުރިއްޔާ އަޅުގަނޑު ކުރިމައްޗަށް ގެނެސްދެއްވާށެވެ. އަޅުގަނޑަށް ހެއްކާއެކު ތަފްސީލުކޮށް ބުނެދެއްވާށެވެ. އެނޫންގޮތަކަށް މިބަޔާނަށް، އަދި އަޅުގަނޑުގެ ވާހަކައަށް އެއްވެސް ކަހަލަ ބަދަލެއް ގެނެވޭކަށް ނޯންނާނެއެވެ. އިއްޔެގެ ޙާދިޘާތަކުގައި ގެއްލުންލިބުނު އެއްވެސްތަނެއް އެދުވަހު އަޅުގަނޑު ލޮލުންނުދެކެމެވެ.

އަދިއެއީ ކޮންތަންތަނެއް ކަމެއް ޔަގީންކޮށް ކިޔައިދޭކަށް ވެސް ނޭނގޭނެއެވެ. ރޭގެޚަބަރުން އެނގުނު އެއްޗެއް ފިޔަވައި އަޅުގަނޑުގެ އިލްމުގައި އެހެން އެއްވެސް އެއްޗެއް ނެތެވެ. އަޅުގަނޑަށް ހަދާނެގޮތެއް ހައްދަވަން ވީއެވެ. ތިޔަބޭފުޅުންނަށް ފެންނަގޮތެއް ހަދަންވީއެވެ. ދޭނެއަދަބެއް ދެއްވަންވީއެވެ. އިތުރު އެއްޗެއް އަޅުގަނޑުގެ މިދުލަކުން ނުނިކުންނާ ނެއެވެ. ގެއަށް ހިންގާފައި ދިޔައިރު ފެނުނުމަންޒަރު ތަކަކީ ކޯސްޓްގާޑް ބިލްޑިންގުގާއި އެތާކުރިމަތީގައި ހުރިސައިކަލް ތަކެވެ.

އެތަކެއްޗަށް ލިބިފައިހުރި ގެންލުންތައް އަޅުގަނޑުގެ ލޮލަށް ފެނުނެވެ. ދެންތިވިދާޅުވާ ސަރުކާރު މުވައްޒަފުންގެ ނާދީއަކަށް ވަތްކަމަކާއި ރައްޔިތުންގެ މަޖިލީސް ކުރާގެއަށްވެދެ، މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިށީންކަމާއި އިލެކްޝަންސް އޮފީހަށް ވަތްކަމާއި އެތަންތަން އަންދާލި ގްރޫޕާއެކު އަޅުގަނޑު އިސްބަސް ބުނަމުން، އަމުރުކުރަމުން ދިޔަވާހަކަތަކަކީ ކަނޑައެޅިގެން ދޮގެކެވެ. ތިޔައީ ކޮންމެވެސް ބަޔަކު ހަދަހަދައިގެން އުފައްދާފައިހުރި ދޮގުވާހަކަތަކެވެ.

އަޅުގަނޑު މާލެތެރޭގައި ޣައިރުޤާނޫނީ ޢަމަލު ހިންގި މީހުންގެ ވެރިއަކަށް ހުރިފޮޓޯއެއް ވާނަމަ، އެއީ ކޮންމެވެސް ބަޔަކު ހަދާފައިވާ ފޮޓޯއެކެވެ. ތިޔަކަންތަކާގުޅޭ، ހެއްކާއި ގަރީނާތައް ހުރިއްޔާ، އަޅުގަނޑަށް ގެނެސް ދެއްކުމުންނޫނީ އެވާހަކަތައް ބަޔާނަށް ނުވެއްދޭނެ ކަމަށް ގަދައަޅާ ބުނަމެވެ.” މިހާހިސާބުން ބަޔާންނިމުނީއެވެ. މިވާހަކަތައް އެބަޔާނުގައިލިޔެ އިނގިލީގެ ނިޝާންޖަހައި ނިންމާލެވުނީ އިރުއޮއްސެނިކޮށެވެ.

މިއީ ރަފްބަޔާނެކެވެ. ދެން އެއިންގޮތަށް ބައިންދާފައި އިނީ ތިރީގައެވެ. ކައުންޓަރ ކުރިމަތީގައި ކުރިންވެސް އިންގޮނޑީގައެވެ. އެއީ އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެކެވެ. މިގޮނޑީގައި އިންއިރު އެއްފަހަރަކު ފަސީޙު އަޅުގަނޑުގެ ކުރިމަތިން ހުރަސް ކުރެއްވިއެވެ. ވަޑައިގަތީ ސަލާމްކޮށް ލައްވާފައެވެ. އިތުރުވާހަކައެއް އަޅުގަނޑު ނުދަންނަވަމެވެ.

އަދި ވެސް އިތުރުއެހެން އޮފިސަރުން ހިނގާބިނގާވާތަން މިގޮނޑީގައި އިންއިރު ފެނުނެވެ. އަޅުގަނޑު އެތާގައި އިންދެގެން ޤަޟާއަށް ޢަޞުރު ނަމާދުކޮށް އަދި މަޣްރިބް ނަމާދާއި ޢިޝާނަމާދު އެކުގައި ޖަމްޢުކޮށް ކުރީމެވެ. ވުޟޫކުރަން ބޭނުމޭ ކައުންޓަރުގައި އިންނެވި ބޭފުޅާއަށް ދެންނެވުމުން ވެއްދީ އެދިމާތިރީގައިހުރި ފާޚާނާއަކަށެވެ. ނަމާދުތައްކުރީ އެދިމާ ބިންމަތީގައެވެ. ކުނަލެއް އެއްޗެއް ނާޅައެވެ.

ހަވީރުސައި، އަދި ރޭގަނޑު ކާންދިނީ ބިމުއަޑީގެ ބިންގަރާހު ބަޔަށް ގެންގޮސް ގޮޑިއެއްގައި ބައިންދައި ގެންނެވެ. ދެން އޭގެފަހުން ވެސް ގޮނޑީގައި އިށީދެގެން އިނީއެވެ. ކައުންޓަރުގައި ތިބޭކުދިން ނޫންބަޔަކު ނުފެނެއެވެ. މިގޮތަށް އެގޮނޑީގައި އިންދައި، ޚަބަރެއްވެ ގޮވާލީ ދަންވަރު، 12 ގަޑިބައިވި ފަހުންނެވެ.

އަނެއްކާވެސް އެރުވީ ފަސްޓްފްލޯގައި ހުންނަތަހްގީގު ކުރާކޮޓަރިތަކުން ކޮޓަރިއަކަށެވެ. ކުރިންވެއްދި ތަންނޫން އެހެންތަނަކަށެވެ. މިއީ ކުދިކުދިބައިބައެވެ. ހުންނަނީ ބޮޑުގޮނޑިއަކާއި މޭޒަކާއި އެމޭޒުގެ ކުރިމަތީގައި އާދައިގެ ދެގޮނޑިއެވެ. ދެންހުންނަނީ  ވާހަކަދެއްކުމުގެ އަޑުތައް ރެކޯޑްކުރުމަށް ހުންނަ ރެކޯޑަރެކެވެ. ތަހުގީގުކުރުމަށް އިންނެވީ ކުރިންވެސް ސުވާލުކުރައްވާއި ބަޔާނެއް ނެންގެވި ނައިބުގޭ މުހަންމަދު ޙަލީމްއޭ ކިޔުނު އިސްއޮފިސަރެވެ.

މިފަހަރު އަޑުއަހާނެ އިތުރުސިފައިންގެ މީހަކުވައްދާފައެއް ނެތެވެ. ތިބީ އަޅުގަނޑާއި ހަލީމާ ދެމީހުންނެވެ. މިހާރު އިލްޔާސް ބުނުއްވަނީ ކީކޭހޭ، ހަލީމް އެއްސެވިއެވެ. އަޅުގަނޑު ޖެހިލުމެއްނެތި ބުނެފީމެވެ. އަޅުގަނޑު ބުނަންހުރި ހުރިހާވާހަކަ ތަކެއްވާނީ ތިޔަނެންގެވި ބަޔާނުގައި ވަރަށް ތަފްސީލުކޮށް ލިޔެވިފައެވެ. އަދި އެއީ ރަފްބަޔާނަކަށް ވިޔަސް އަޅުގަނޑު ސޮއިކޮށް އިނގިލީގެ ނިޝާންދީފައި ވާނެއެވެ.

އޭގެއިތުރަށް ބުނާނެ ވާހަކައެއް ނެތެވެ. ނުކުރާކަންތަކުގެ ވާހަކައެއް ނުލިޔެވޭނެއެވެ. ހަލީމަށް ޝައްކުވާކަމެއް ނުވަތަ އެއްޗެއް ބަޔާނުގައި ބުނެވިފައި ވާނަމަ، ފެރީޑްރައިވަރާއި ކުޅުދުއްފުށީ އަހްމަދާ ދެމީހުން ގެނެސް މިއީތެދުތޯ ނުވަތަ ދޮގުތޯ އައްސަވާށެވެ. އެމީހުންނާ ސުވާލުކުރެއްވީމާ ނިމުނީނޫން ތޯއެވެ! އަދި އަޅުގަނޑު ފެރީއާހަމައަށް ގެންގޮސްދިން، އަޖޫބެއާ ވެސް ސުވާލު ކުރައްވާށެވެ. އަޅުގަނޑު މިހަދަނީ ދޮގުތޯބެއްލެވުމަކީ ތަހުގީގުކުރާ މީހާގެ ވާޖިބެކެވެ. އިރުއިރުކޮޅާ އަޅުގަނޑު ގެނެސް އެއްވާހަކަތަކެއް ތަކުރާރުކޮށް އަހާކަށް ނުޖެހެއެވެ.

ނުކުރާކަންތައް ކުރިކަމަށްހަދާއި ތިފާޑަށް މަސައްކަތް ކުރެއްވިޔަސް އަޅުގަނޑުބިރެއް ނުގަންނާނެއެވެ. ނުކުރާކަމަކަށް މަރާލިޔަސް އެއްބަހެއް ނުވާނަމެވެ. މީގެކުރިން ވެސް ތިޔަބޭފުޅުންގެ އަނިޔާތައްހުރީ އަޅުގަނޑަށް ތަފާތުގޮތް ގޮތަށްލިބި ތަޖްރިބާ ކުރެވިފައެވެ. ބިރުދައްކައިގެން އަޅުގަނޑުގެ ފުށުންހޯދޭނެ އެއްޗެއް ނޯންނާނެކަން މީގެކުރިންވެސް ހަލީމަށްވާނީ ރަނގަޅަށް އެނގިލައްވާފައެވެ.

ކުރީބުރުގައި ޖަލުގައި ހުރިއިރު ހަލީމް އަޅުގަނޑާ ސުވާލުކުރެއް ވީމުނޫންތޯއެވެ. މިހާހިސާބުން، ދެން އެންމެ ރަނގަޅޭ ވިދާޅުވެފައި މިފަހަރު، އަޅުގަނޑު ހަވާލުކުރި މީހާ، އަޅުގަނޑު ގެންގޮސްވެއްދީ ބިމުއަޑީގައި ހުންނަބައިގައި ހަދާފާހުރި ގޮޅިތަކުތެރެއިން ވީއައިޕީ ގޮޅިއަކަށެވެ. އަޅުގަނޑުގެ ބަޔާންގެންގޮސް ސައްލާކޮށް ހަދާފައި ދަންވަރު މިބައްދަލުކުރީ ޖަލަށްލުމަށް ކަމަށް ކުރިންވެސް އަޅުގަނޑަށްވަނީ ވިސްނިފައެވެ. އަބަދުވެސް މިވެރިން ދަންވަރު ކަންތައްކުރަނީ ލުއިދިނުމަކަށް ނޫނެވެ. އަދަބުމަތި ކުރާށެވެ. ހުރިވަރަށް ވުރެއަދަބު ބޮޑުކޮށްލަން ވީމައެވެ.

އާދެ! މިގޮޅިއަކީ، ކޮންކްރީޓްޝީޓުން އެއްވެސް ކަހަލަ އާނގައެއްނެތް ގޮތަށް ވަށައިގެން ބަންދުކޮށްފައިހުރި ކުޑަވަރެއްގެ ކޮޓަރިއެކެވެ. އަޅުގަނޑު ގެނެސްމިތަނަށް ވެއްދި އޮފިސަރު ކައިރީގައި އަޅުގަނޑު ބުނެފީމެވެ. އަޅުގަނޑަކީ ޑައިބެޓިކް މީހެކެވެ. އަޅުގަނޑަށް ކާންދޭން ޖެހޭނީ ގޭގައިކައިބޮއި އުޅޭ ތަކެއްޗެވެ. އެނޫންއެއްޗެއް ނުކެވޭނެއެވެ. އަދި އެނޫންއެއްޗެއް ގެނެސްދީފިއްޔާ ނުކައި އޭތިކޮޅު އަނބުރާގެންދަން ބަހައްޓާނީއެވެ. ދެން މިއޮފިސަރު ކަލޭގެބުނެފިއެވެ. ބޮޑެތިމީހުންނާ ވާހަކަދައްކާފައި ތިމަންނަ މިއަންނަނީއެވެ.

އޭނާދިޔައީ އަޅުގަނޑު އެގޮޅިއަށް ލުމަށްފަހު، ބޮޑުދޮރު ތަޅުލާފައެވެ. އެއީ ލަކުޑިދޮރެކެވެ. އަތްގަނޑުކައިރީގައިކުޑަބިއްލޫރުކޮޅެއް އިނދެއެވެ. އެއީ އެމީހުން ބޭނުންވާ އިރެއްގައި އައިސް ބަލައިލާށެވެ. އާންމުކޮށް ހުންނަނީ ބޭރުން ކަރުދާސްއަޅައި ބޭރު ނުފެންނާނެހެން ބަންދުކޮށްލާފައެވެ. ވަރަށް ގިނަގޮތްގޮތަށް އަރިވެގެން އެކިއެކިއޭންގަލުން އެކިގޮތަށް އަރިވެ އޮވެގެށް ބެލީމައި ކުޑަކޮށް ބޭރު ފެނެއެވެ. ދެން އޭނާ ދިއުމުން މިތަންރަނގަޅަށް އަޅުގަނޑު މޮނިޓަރކޮށް ވަށައިގެން ބަލާލައިފީމެވެ. ކަންކަންހުރި ގޮތްތަށް ރަނގަޅަށް ދަސްކޮށްފީމެވެ.

މިތަނުގައި ބަހައްޓާފައިހުރި އެނދުން ބޭރުގައި ތަޅުމުގައި ހުރި ހުސް ޖާގާގައި ގިބްލަހުރިގޮތުން ސަދިޖަޖެހޭ ވަރެއްނުވެއެވެ. އެހާކުޑަތަނެކެވެ. ވަރަށް ކުޑަފާޚާނާއެއް ދޮރެއްލާފައި ހުއްޓެވެ. އަތްދޮންނަ ތައްޓާއި ފެންވަރަންހުރީ ރަނގަޅު ފެންވަރަކަށެވެ. ފާޚާނާގައި މޫނުބަލާނެ ލޯގަނޑެއް ނުހުރެއެވެ. އެނދުގައިހުރީ ބެޑްޝީޓްއަޅާއި ދެބާލީސް ބާއްވާފައެވެ. ތުވާއްޔެއް ނެތެވެ. ބުރުހެއް ނެތެވެ. ފާޚާނާތެރެއާއެކު ވަށައިގެން ބެލިއިރު، މިގޮޅީގައި ގުދުރަތީވައިކޮޅެއް ވަންނާނެ އެއްވެސް އާންގައެއް ނެތެވެ.

ބިމުގެއަޑިއަށްވާތި މިތަނަށް ހުންނަނީ މެޝިނެއް ނުވަތަ ބްލޯވަރެއް މެދުވެރުކޮށް ބޭރުންވައި ވައްދާފައެވެ. ކަރަންޓް ގޮސްފިއްޔާ ވައިބަންދުވީއެވެ. ވަންނަބޮޑުދޮރުގައި ގާޑްބެލުމަށް ހަދާފައިހުންނަ ކުޑަބިއްލޫރިކޮޅެއް އިނދެއެވެ. ކެއުންވައްދަން ހުޅުވާފަހަރު ތަކުގައި ދޮރުކައިރިޔަށް ޖެހި އެބިއްލޫރިކޮޅުގައިޓޭޕުއަޅައިގެން ބޭރުފަރާތުން ހަރުކޮށްފައި ހުން ކަރުދާސްގަނޑު އަރިމަތިން އޮޅާލައި ހެދުމުން މިބިއްލޫރިކޮޅުން ގާޑަށްހުންނަ މީހާއާއި އެހެންކުދި ގޮޅިތަކުގެ ދޮރުފެނެއެވެ.

އަޅުގަނޑު ހުންނަ ގޮޅީގެ ކުރިމަތީގައި ހަމަ މިވައްތަރުގެ އެހެން ދޮރެއްފެންނަން ހުއްޓެވެ. މިއީ ހަމަމީގެ ތަނެކެވެ. ހީވަނީ ދެވަނަ ވީއައިޕީ ގޮޅިއެއް ހެންނެވެ. މިއީ މިބިލްޑިންގުގައި މަތީފަންތީގެ ގައިދީން ވެއްދުމަށް ހަދާފައިހުންނަ ވީއައިޕީ ދެގޮޅިއެވެ. ކުދިގޮޅިތަކުގައި ހުރީލަކުޑި ދޮރެއްނޫނެވެ. ދަނގަޑުން ތޭރިލީދޮރުލާފައި ގާޑަށް އެތެރެ ފެންނަގޮތަށެވެ. ގައިދީކަލޭގެ ކުނަލުގައި އޮށޯވެގެން އޮންނައިރު ރީއްޗަށް ފެންނަގޮތަށެވެ.

މިއިން ގޮޅިއެއްގައި އަންހެން ކުއްޖަކު އޮވެއްޖެނަމަ، އޭނާގެ ނިދުމާއި އަރާމުކުރުމުގެ ހުރިހާ މަންޒަރެއް ގާޑުކަލޭގެއަށް ރީތިކޮށް ފެންނާނެއެވެ. ބޭރުގައި ހުރެގެން ލައްޒަތުގެ އިހްސާސްތައް ކުރެވިދާނެއެވެ. ނިދާފައި އޮންނަ މަންޒަރުވެސް ފެންނާނެއެވެ. ދޮރާޖެހިގެން އޮވެއްޖެނަމަ އަތްވެސް ފޯރާނެއެވެ. ސީލާއި ފެންވަރަން ހުންނަތަންކޮޅު ހުންނަނީ ފާރުފަޅިއަކުން ނިވާކޮށްފައެވެ.

އެހެނަސް އަޑުން އެކުރަމުންދާ ހުރިހާކަމެއް ވިސްނުމުން ދެނެގަނެވޭނެއެވެ. ދެން ބައިގަޑިއެއްހާ އިރުފަހުން މިތަނަށް އަޅުގަނޑު ވެއްދިއޮފިސަރު ދުރުވެ ދޮރުހުޅުވާލާފައި ކާންބޭނުންވާ ސާމާނުގެ ލިސްޓެއް ކިޔައިދިނުމަށް އަޅުގަނޑު ކައިރިން އެދުނެވެ. އަޅުގަނޑު ގޭގައިކާން ބޭނުންކުރާ ސާމާނުގެ ލިސްޓެއް މީނާއަށް ކިޔައިދިނީމާ ނޯޓްކުރަން ފަށައިފިއެވެ.

ހެނދުނު ސަޔަށް ޑައިބެޓިކްޖޭމާއި ޑައިބެޓިކް ބަޓަރާއި ޑައިބެޓިކް ކިރާއި މޫސްލީއެވެ. ބްރައުންބްރެޑް ގެނެސްދެވެން ނެތިއްޔާ އާޓާފުށުގެ ރޮށިހުންނަން ޖެހޭނެ ވާހަކަނޯޓް ކުރުވީމެވެ. މިތަކެތި ފެންޓަސީން ލިބެންހުންނާނެ ވަހާކަވެސް އަޅުގަނޑު ދެންނެވީމެވެ. މެންދުރު ކެއުމަށާއި ރޭގަނޑަށް ބޭނުންވާނީ ބްރައުންރައީސްގެ ބަތާއި ރޯފިލާފައިހުންނަ ތަރުކާރީއާއި ހަވާދުމަދުން އަޅާފައި ހުންނަ ކިރުގަރުދިޔައާއި އެހެނިހެން ރިހައާއި ކުޅިނުކޮށް ޒައިތޫނި ތެލުގައި ފިހެފައިހުންނަ ތެލުލި މަސްބުރިއެކެވެ.

އަދި ކޮންމެކެއުމަކަށް ފަހު، ފްރެޝްފުރުޓްކޮޅެއް ތާޒާކޮށް ހުންނަންވާނެ ކަމަށް ލިސްޓްކުރިއެވެ. ހުރިހާއެއްޗަކަށް ވެސް ތެލުގެގޮތުގައި ބޭނުންކުރަންވާނީ ޒައިތޫނިތެޔޮ ކަމުގައި ލިޔުވީމެވެ. އަދި ކޮންމެ، 24 ގަޑި އިރަކަށް މިނަރަންވޯޓަރގެ ބޮޑުދެފެންފުޅި ބޭނުންވާނެ ކަމަށް ބުނީމެވެ. ދެން މިއޮފިސަރު ކަލޭގެ ދޮރުތަޅުލާފައި ދިޔައީ މާދަމާއިން ފެށިގެން މިގޮތަށް ހަމަޖައްސާނެ ކަމަށް ބުނެފައެވެ. އަދި އަޅުގަނޑު އޭނާގާތުގައި ބުރުހާއި ތުވާއްޔާއި ކާންގެންގުޅޭ ބޭސްތައް ބޭނުމޭބުނުމުން ހަމައެވަގުތު ތުނިތުނިތުވާއްޔަކާއި ސައިބޯންޏަކާއި ބުރުހަކާއި ދަތްއުނގުޅާބޭސް ފުޅިއެއް ވަގުތުން ގެނެސްދިނެވެ.

ބޭނުންކުރާ ބޭސްތައް މާދަމާގެއިން ގެނެސްދޭނެ ވާހަކަ ބުނެފައި އޭނާހިނގައްޖެއެވެ. އަދި ގެއިން ޖިންސަކާއި ނިދަންލާނެ ޓީޝާޓެއް ކުޑަދަބަހަކާއެކު ބޭނުންވާނޭ ބުނުމުން، މާދަމާ ގެއިންބޭސް ގެންނައިރު ތިޔަކަންތަށް ކޮށްދޭނަމޭ ބުންޏެވެ. ދެން އަޅުގަނޑުބެލީ ގަޔަށް ފެންއަޅާލައި ސާފުވެލައިގެން އައިސް އެނދަށްއަރާ ނިދޭތޯއެވެ. އެހެނަސް ނިދުނީ ވަރަށްފަހުންނެވެ. މިގޮތުން ވީއައިޕީ ދެގޮޅީގައި ތިބޭވީއައިޕީ ގައިދީންނަށް ވީއައިޕީ ޓްރީޓްމަންޓް ހަމަޖެހޭނެކަމަށް މީނާބުންޏެވެ.

22 ސެޕްޓެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 2 ވަނަ ދުވަހެވެ. މިރޭއިރާކޮޅު، 7 ޖަހާއެހާކަން ހާއިރު ތަހުގީގަށް ނެރުނެވެ. އިންނެވީ ހަލީމެވެ. އެއްސެވީ އިލްޔާސް ބުނާނެ އިތުރުއެއްޗެއް އެބައޮތްތޯއެވެ؟ ބަޔާނުގައި ހިމެނިފައިހުރި ވާހަކަތައް ފިޔަވައި ބުނާނެއެއްވެސް އެއްޗެއް ނެތްކަމަށް އަޅުގަނޑު ދެންނެވީމެވެ. ތިޔަފަރާތުން ތިޔަނަންގަވާ ކަންތަކުގައި ހެއްކެއް ގަރީނާއެއް ހުރިއްޔާ އަޅުގަނޑަށް ހުށަހަޅާއި ދެއްކުމުންނޫނީ އިތުރުވާހަކައެއް ނެތެވެ.

ދެން އައްސަވާލެއްވީ ކެއުމުގެ ކަންތައް ކިހިނެއްތޯއާއި ކާންގެންގުޅޭ ބޭސްތައް ލިބިއްޖެތޯއެވެ؟ އަޅުގަނޑު ލިބިއްޖެކަމަށް ދެންނެވުމުން ތިރިއަށްފޮނުވާ ލެއްވީއެވެ. ބޭސްތަކާއެކު ގެއިން، ޖީންސަކާއި ޓީޝާޓެއް ބެކްޕެކެއްގައި ލިބުނެވެ. މީގެއިތުރުން އަތުގައިހުރީ އިއްޔެ އޮފީހަށް ދިއުމަށް އެޅިހެދުމެވެ. ގަލަމާއި ފައިސާ ދަބަހާއި މޯބައިލްފޯނު ގޮޅިއަށް ވެއްދުމުގެ ކުރިންވަނީ އަތުލާފައެވެ.

23 ސެޕްޓެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 3 ވަނަ ދުވަހެވެ. ރޭގަނޑު ނެރެފައި ދެއޭންގަލަކުން ފޮޓޯބުރިކޮށް ހުންނަގޮތަށް އަޅުގަނޑުގެ ދެފޮޓޯނެގިއެވެ. ދެން، ހަލީމް ކުރެއްވީ ކުރީރޭވެސް ކުރެއްވި ސުވާލެވެ. ވަކިއިތުރު ވާހަކައެއް ނެއްކަމަށް ދެންނެވީމާ ދެން ދައްކާލެއްވީ އެބޭފުޅުން ލިޔެތައްޔާރުކޮށް ފައިވާ ދެލިޔުމެކެވެ. އެދެލިޔުން ކިޔާލުމަށް ފަހު، ސޮއިކުރުމަށް ވިދާޅުވިއެވެ. މީގެތެރެއިން އެއްލިޔުމުގައިވަނީ، 20 ސެޕްޓެމްބަރ 2003 ގައި މާލެތެރޭގައި ހިންގިހަމަނުޖެހުން ތަކުގައި އިލްޔާސް ބައިވެރިވެފައި ވާކަމުގެ ތުހުމަތުގައި ބަންދުކުރެވުނީ ކަމަށާ، މިކަންތައް ސާފުކޮށް އިލްޔާސަށް އެނގިއްޖެ ކަމަށެވެ.

އަނެއް ލިޔުމުގައިއޮތީ ގާނޫނީވަކީލަކު ހަމަޖެއްސުމަށް އިލްޔާސް ބޭނުންނުވާ ކަމަށެވެ. އެއްވެސް މައްސަލައެއް ނުޖައްސާ، މިދެލިޔުމުގައި ވެސް އަޅުގަނޑު ސޮއިކުރީމެވެ. މިލިޔުމުގައި ބަންދުކުރި ގަޑިއަކަށް ޖަހާފައިއޮތީ، 21 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަހުގެ މެންދުރުފަހު، 5:30 ގައި ކަމަށެވެ. އެހެނަސް އަޅުގަނޑު ސިފައިންގެއަށް ގެންދިޔައީ އެދުވަހު، 3 ޖަހަނިކޮށެވެ. މިކަމާ އަޅުގަނޑު މައްސަލައެއް ނުޖައްސަމެވެ. ދެން ފޮނުވާލީ ތިރިޔަށް ގޮޅިއަށެވެ.

24 ސެޕްޓެމްބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 4 ވަނަ ދުވަހެވެ. ރޭގަނޑު ޢިޝާނަމާދަށް ފަހު، ވަގުތެއްގައި ތަހުގީގަށް ނެރުނެވެ. ތަހުގީގުކުރާ ބަޔަށް މައްޗަށް ގެންގޮސް ހަލީމު އެއްސެވީ ހަމަރޭގައި ވެސް އެއްސެވި ސުވާލެވެ. ބުނާނެއިތުރު ވާހަކައެއްނެތް ކަމަށްބުނުމުން، ހަލީމް ފެއްޓެވީ ކެއުމުގެ ވާހަކައެވެ. ކެއުންރަނގަޅުތޯ އެއްސެވިއެވެ. އަޅުގަނޑު އެދުނު ހުރިހާއެއްޗެއް ލިބޭކަމަށް ނަންގަތީމެވެ. އެކަމުގައި އެއްވެސް ދައްޗެއްނެތެވެ. ކެއުން ހަމަމަޖަލެވެ. ދުވާލަކަށް ނުކަނޑާހުންނަ ދެފެންފުޅި ވެސް ލިބެއެވެ. އެހުރިހާ ކަމެއްމުޅިން ބަރާބަރެވެ. މިހުންނަނީ ގޭގައި ކައިބޮއި އުޅޭގޮތަށް ކައިގެންނެވެ.

އެއްވެސް މައްސަލައެއް އެކަމުގައި ނެތެވެ. މުޅިން ބަރާބަރެވެ. އަޅުގަނޑުގެ ލޭޓެސްޓުނުކޮށް މިހާބަރާބަރަށް ކެއުންގެންދަންޏާ އަނެއްކާ ހަކުރުމާދަށް ވެގެންފޭންޓް ވާގޮތްވެދާނެ ކަމަށް ބުނުމުން މާދަމާޓެސްޓެއް ހެދުމަށް ޑޮކްޓަރަށް ދެވޭގޮތަށް ހަމަޖައްސާނީއޭ ވިދާޅުވިއެވެ. ޖަލުގައި އެއްވެސް ކަމެއްނެތި ބަހައްޓައިގެން ގިނަދުވަސްނުކޮށް ދޫކޮށްލަ ދިނުމަށް މިރޭގެވާހަކަ ތަކުގައި އެދުނީމާ، ހަލީމް ވިދާޅުވީ މަތީފަރާތުގައި ތިވާހަކަ ދަންނަވާނެ ކަމަށެވެ. ދެން ތިރިޔަށް ގެންގޮސްގޮޅިއަށެލީވެ.

25 ސެޕްޓެމްބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 5 ވަނަ ދުވަހެވެ. މިއަދު ވެގެންދިޔައީ ބޮޑުދުވަހަކަށެވެ. ހެދުނު، 7 ޖަހާއެހާ ކަންހާއިރު ފެނުނީ އަންނި އައިސް އަޅުގަނޑުގެ ގޮޅީގެދޮރުގައި ހުރިތަޅުގެ ގޮބުގައި ހިފާލިތަނެވެ. ފަހަކަށް އައިސް ބިއްލޫރުލޮޅުން ރީތިކޮށް ގޮޅިންބޭރުފެންނަން ފަށައިފިއެވެ.އެކަމާ އަޅައެއްނުލައެވެ. ދޮތުފަތުގައިހުރި ބިއްލޫރިކޮޅުން އަޅުގަނޑު ބަލަންހުރުމުން އަންނިއަށް އަޅުގަނޑުހުރީ، ރީތިކޮށްފެންނާށެވެ. މިއީހެދުނު ވަގުތެވެ. އަދިއޭރު، 7 ނުޖަހާނެއެވެ.

ވީއައިޕީ ދެގޮޅީގެ ކުރިމަތީގައި ސިފައިންތައް ކޮޅުކޮޅުމައްޗަށް ދުވެހަދާތީ ބަލައިލިއިރު ފެނުނީ މިމަންޒަރެވެ. އަންނި ކައިރީގައި ސިފައިންގެ، 5 ބޭކަލުންވަރު ތިއްބެވެ. އެމީހުންގެ އިތުރުން ދެއޮފިސަރަކު އަންނިގެ ހަރަކާތްތައް ފޮޓޯނަގަމުން ގެންދެއެވެ. އެކަކު ނަގަމުންދަނީ ސްޓިލްފޮޓޯއެވެ. ދެންހުރި އޮފިސަރު ގެންދަނީ އަންނިގެ ހުރިހާހަރަކާތެއް މޫވީކުރަމުންނެވެ.

އާދެ،މިއަދަކީ އަޅުގަނޑުގެ ލޭޓެސްޓުކުރަން، 7:30 ގައި ގެންދަން ހަމަޖެހިފައި އޮތްދުވަހަށްވާތީ އަޅުގަނޑުހުރީ ރޭންފެށިގެން އެއްވެސް އެއްޗެއް ނުކައެވެ. އަންނި ގެނައުމާހެދި މިއަދު މިކަންހިނގާނެ ހެނެއްހިއެއް ނުވެއެވެ. އަންނި އައިސް ދޮރުގެގޮބުގައި ހިފާލުމުން ދޮރުތަޅުލާފައި ހުރުމުން ހުޅުވޭގޮތެއް ނުވިއެވެ. ދެން، އަންނި އަތުން އިޝާރާތްކޮށް ދޭއްޗެއް ވިދާޅުވެފައި ތަންބްސްއަޕްގެ ނިޝާން އަޅުގަނޑަށް ދައްކާލެއްވިއެވެ.

އަދި ވަރަށް ބާރަށް، “މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސްކަމަށް ނަގާ ފެންނަނުފެންނަ ވޯޓުލުން ނޮންނާނޭ” ވިދާޅުވިއެވެ. އަޅުގަނޑުވެސް ހަމަ އެނިޝާނުން އަންނިއަށް ސެލިއުޓްކޮށް ސަލާމްގަލާމްކޮށް އެކިސިގްނަލްތައް ބަދަލުކުރީމެވެ. ތިޔަކުރެއްވި ހިތްވަރަށް ދެއަތްއެއްކޮށް ގޮއްމުށުގެ ނިޝާންދައްކަމުން ހިތްވަރުދިނީމެވެ.

އަދި އަންނިގެ ހިތްވަރުން އަޅުގަނޑު ހިތްވަރު ލިބިގަތީމެވެ. މިހުރިހާކަމެއް ހިނގިއިރު ސިފައިން ބަލަންތިއްބެވެ. ގެންދިޔައީ، ހުރިހާމަންޒަރެއް މޫވީކުރަމުންނެވެ. އަންނި ވަށާލާފައި މިތާމިތިބި ސިފައިންތައް ބޭނުންވަނީ، އަންނި ދެނަންބަރު ވީއައިޕީގޮޅިއަށް ވައްދާއި ތަޅުލާށެވެ. އަންނި ނުވަންނަވަން ވެގެން ގަދަހަދަނީއެވެ. ސިފައިންގެ އަމަލުތަކުން މިއުޅެނީ އަޅުގަނޑު ގޮޅީގެ ކުރިމަތީގައިހުރި ވީއައިޕީ ގޮޅިއަށް ކޮއްޕާލުމަށް ފަހު، ތަޅުލަން އުޅެނީކަން ވަރަށްރީއްޗަށް އެނގެއެވެ. އަންނި އުޅުއްވަނީ ނުވަދެ، ބޭރުގައި ހުންނަވައިގެން އޭނާކޮށްގެން އުޅޭކުށެއް ފާހަގަކޮށް ބުނެދިނުމަށެވެ. ހާމަކޮށް ދިނުމަށެވެ.

މިކަންކޮށްދީފައި ބަންދުކުރުމަށް އެދެމުންދާނެކަން އަންނިގެ އަމަލުތަކުންނާއި ބައެއްފަހަރު އިވެމުންދާ އަޑުންސާފުވެއެވެ. މިގުރޫޕްތެރޭގައި ނަގާކިޔަން އިސްކޮށް ހުންނެވީ، އަޅުގަނޑުގެ މައްސަލަވެސް ބަލަމުން ގެންދަވާ، ނައިބުގޭ ހަލީމެވެ. އޭނާ އިޝާރާތް ކުރަމުންދާ ގޮތަކަށް މިތާތިބި އާދައިގެ ސިފައިން އަމަލުކުރަމުން ގެންދާތަން ފެނެއެވެ. އޭރު އެތާތިބި ސިފައިންގެ ތެރެއިން އެކަކު، ކުޑަވަރެއްގެ ފޮއްޓެއްވެސް ގެންގުޅުނެވެ. ބޮޑަށްލަފާކުރެވެނީ އަންނިގެ ސާމާނުކަމަށެވެ.

މަތިންދާބޯޓުގައި ހޭންޑްލަގެޖަށް ބޭނުންކުރާ ވަރުގެކަޅު ފޮއްޓެކެވެ. ފަހަރުގައި ރާއްޖެތެރެއިން ހުޅުލެއަށް އައުމުން ހިފޭއްޓީއެވެ. ނުވަތަ ދޫނިދޫން މާލެގެނެސްގެން އުޅެނީއެވެ. ބޮޑަށްލަފާ ކުރެވެނީ ހުޅުލެއިން ހިފަހައްޓައިގެން އުޅެނީ ކަމަށެވެ. އަންނިގެ ފަރާތުން ފެނިގެންދިޔަ އަމަލުތަކުންނާއި ބަސްތަކުން އަޅުގަނޑަށް ވަރަށްހިތްވަރު ލިބުނެވެ. އަޒުމްއާވެގެން ދިޔައެވެ. ނިޔަތްވަރުގަދަ ވެގެންދިޔައެވެ.

އަންނިގެ ހުރިހާއަމަލުތަކެއް މޫވީކުރަމުން ދާތަންފެނެއެވެ. މެދުނުކެނޑި މިމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އަންނި ދެނަންބަރު ވީއައިޕީ ގޮޅިއަށްލައި ދޮރުތަޅުލެވުނީ ވަރަށްގިނަ މަސައްކަތް ކޮށްގެން ވަރަށްގިނައިރު މިކަމުގައި އެމީހުން އުޅެގެންނެވެ. ދެމީހުން ދެގޮޅީގައި ކުރިމައްޗަށް ވާގޮތަށް ތަޅުލެވުނީއެވެ. ދެން އަޅުގަނޑުމެން ދެމީހުންވާހަކަ ދެއްކީ، ދެގޮޅީގެ ދެދޮރުފަތުގައި ހުންނަކުޑަ ބިއްލޫރިކޮޅުން ބަލައިގެންތިބެ އިޝާރާތުންނެވެ.

އަންނިގެ އިޝާރާތްތަކުން މިއަދަކީ ރައީސް މައުމޫނަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުނަގާ ދުވަސްކަން އެނގުނެވެ. ދެވަނަ ފަހަރަށް ވެސް މިވާހަކަ އަޅުގަނޑަށް ވިސްނައިދޭން އަންނި މަސައްކަތް ކުރެއްވިއެވެ. މިކަން އެކުރެއްވީ ކުރިން އެވާހަކަ ވިދާޅުވި ވަގުތު އަޑުނީވި އޮވެދާނެތީއެވެ. ދޮރުފަތުގެ ތިރީކައިރީގައި ތަޅުންގަނޑައި ދިމާލުން ގުދުވެފައި އެއްޗެއް ބުނުމުން ސާފުވެއެވެ. މިހެންތިއްބާ އަޅުގަނޑުގެ މެޑިކަލްޓެސްޓަށް ގެންދަންބަލާއައީ ހެދުނު، 8:35 އެހާކަންހާއިރެވެ.

ދެން އަޅުގަނޑު، މަނިކު ކިޔާއޮފިސަރަކާއެކު ގެންގޮސް ވެއްދީ އޯޑިއޯނަށެވެ. ސިފައިންބަލާ ޑޮކްޓަރެއް ކަމުގައިވާ ޑޮކްޓަރ މުހަންމަދު އަހްމަދު އިންނަވަނީ އެތާގައެވެ. އަޅުގަނޑުގެ ލޭކޮޅެއް ކުޑަވަރެއްގެ މިނިމެޝިނަކުން ޓެސްޓްކޮށްލާފައި ރަނގަޅޭ ބުނުއްވިއެވެ. މާމައްޗެއް ނޫނޭ ބުނުއްވިއެވެ. އަދި ބޭސްކަމުން ގެންދާގޮތް އައްސަވާލެއްވިއެވެ. ދެން، އަޅުގަނޑު ބޭސްކަމުން ގެންދަނީ ހެދުނު، ޑައިމިކްރޯން، 80 މިލިގްރާމްގެ ގުޅައަކާއި މެޓްފޯމީން، ގުލޫކޮފޭޖް، 500 މިލިގްރާމް ގުޅައަކާ، އަދި ރޭގަނޑު ވެސް މިފަދައިންނޭ ދެންނެވީމެވެ. ވަށްތަރަކުން ގުޅައެއްގެ މަގުން ހެދުނު ދެގުޅައާއި ރޭގަނޑު ދެގުޅައެވެ. ދެން ޑޮކްޓަރ މުހަންމދު އަހްމަދު ވިދާޅުވީ ތިމަންނާއަކީ ވެސް ޑައިބެޓިކް މީހެއްކަމަށެވެ.

ބޭސްކަމުން މިގެންދަނީ ތިޔަގޮތަށެވެ. އިލްޔާސް ވެސް ތިޔަކުމުން ގެންދާގޮތަށް ކުރިޔަށް ގެންދާށެވެ. އަދި ލޭނަގައިގެން އިތުރުޓެސްޓެއް ހަދަމާ ހިނގާށޭ ވިދާޅުވިއެވެ. އަދި ސިރިންޖެއްގެ ލޭއަޅުގަނޑުގެ ގައިން ނެންގެވުމަށް ފަހު، ދެން އިލްޔާސް ދާށޭވިދާޅުވިއެވެ.

އަދި މިނެގިލޭގެ ޓެސްޓުތަކުގެ ރިސަލްޓް ލިބުނީމާ ބޭސްފޮނުވާނަމޭ ބުނުއްވާފައި އަޅުގަނޑު ފޮނުވާލެއްވީއެވެ. ދެން ވަރަށް އަވަހަށް ގެނެސް ވީއައިޕީ ގޮޅިއަށް ވައްދައިފިއެވެ. އޭރުވެސް ކުރިމަތީ ވީއައިޕީ ގޮޅީގައި އަންނި ހުންނެވިއެވެ. އަޅުގަނޑު ނެރެގެން ގެންދިޔަތަނާއި ގެނެސް ވެއްދިތަން އަންނިއަށް ފެންނާނެއެވެ. އަންނި ހުންނެވީ ދޮރުގައިހުރި ބިއްލޫރިކޮޅުން ބައްލަވައިގެންނެވެ.

ދެން އަނެއްކާވެސް އަޅުގަނޑުމެން އަތާއި ތުންފަތުގެ އިޝާރާތުން ވާހަކަދައްކަން ފެށީއެވެ. އަޅުގަނޑަށް ބްރޭކްފާސްޓް ގެނައުމުން ހެނދުނު ނާޝްތާކޮށް ނިމިގެން ވެސް ދެމީހުން އަނެއްކާވެސް އެކަކު އަނެކަކަށް ބަލަންތިބެގެން ދެއްކުނުހާ ވާހަކައެއް ދެއްކުނުހާގޮތަކަށް ދެއްކީމެވެ. ދިޔައީ ސާފުވާބަޔާއި އޮޅުންނުފިލާ ވާހަކަތަކެވެ. އަންނި ގޮޅިއަށް ވެއްދިތާ، 4 ގަޑިއެއްހާ އިރުފަހުން މެންދުރުވާން ގާތްވެފައި ވަނިކޮށް، ސިފައިން އަންނި ބަލާއައިސް އަންނިގެ ފޮށްޓާއެކު، ގޮޅިން ނެރެގެން ގެންގޮސްފިއެވެ. އެރުވީމައްޗަށެވެ. އަޅުގަނޑު ދެރަވެފައި ބަލަންހުރީމެވެ.

އަންނި ވަޑައިގަތީ ތަމްބްސްއަޕްގެ އިޝާރާތުން ވަރަށް ސަލާމްކޮށްފައެވެ. ގޮޅިބަދަލުވީކީ ނޫންކަން ކަށަވަރެވެ. މާލެއަށް ނުވަތަ ދޫނިދޫއަށް ގެންދިޔައީކަމަށް ވެދާނެއެވެ. ސިފައިންގެ ބޭކަލެއްގާތުން އަހާލުމުންބުނީ ދޫކޮށްލީއެވެ. އެހެންކުއްޖެއް ގާތުން އަހާލުމުންބުނީ ދޫނިދޫއަށް ގެންދިޔައިކަމަށް ވެދާނެކަމަށެވެ. ކޮންމެކަސް ދެންވީގޮތެއް ނޭނގުނެވެ. އަޅުގަނޑު ނިންމީ އަންނިއަށް ގެއަށް ދެވުނީކަމަށެވެ. އުޅެއުޅެވެސް އިރުއޮއްސުނު އިރުވެސް، ރައްޔިތުންގެ މަޖިލީހުގައި މިއަދުއޮތް ވޯޓަށްވީގޮތެއް އޮޅުމެއް ނުފިލިއެވެ. އުފާވެރި ވަގުތުކޮޅަކަށް ފަހު، އަނެއްކާވެސް އެކަނިވީއެވެ.

ދެން، ހަވީރު ތަހުގީގަށް ނެރުނެވެ. މިއަދު ހަލީމް އިންނެވީ ވަރަށް ޕްރެޝަރުގައެވެ. މޫނުމަތީގައި އޮމާންކަމެއް، ހިނިތުންވުމެއް އެއްގޮތަކަށް ވެސް ނެތެވެ. މެންދުރުކުރިން އަންނިގެ ކަންތައްގަނޑުގައި އަވަދިނެތި އެޅުއްވުމުން ވެފައި އިންނެވިގޮތަކަށް ވެދާނެއެވެ. ނެރެފައި ކުރެއްވި ސުވާލަކީ، އިތުރަށްބުނާނެ އެއްޗެއް އޮތްތޯއެވެ. ނެތޭދެންނެވުމުން އިތުރުވާހަކައެއް ނެތި ތިރިއަށް، ގޮޅިއަށް ފޮނުވާ ލެއްވީއެވެ.

26 ސެޕްޓެމްބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 6 ވަނަ ދުވަހެވެ. މިއަދަކީ ރަސްމީ ބަންދުދުވަހެކެވެ. އެހެނަސް ވަރަށް ހަވީރުވެފައި ވަނިކޮށް، ތަހްގީގަށް ނެރެގެން މައްޗަށް ގެންދިޔައެވެ. އިންނެވީ ހަލީމެވެ. ކުރެއްވީ ހަމައެއް ސުވާލެވެ. ކުރިންވެސް ކުރައްވަމުން ގެންދަވާ ސުވާލެވެ. އިލްޔާސް ބުނާނެއިތުރު އެއްޗެއް އޮތްތޯއެވެ؟ މިއަދު އިންނެވީ ވަރަށް ހަމަޖެހިފައެވެ. ޗުއްޓީ ދުވަހަކަށް ވާތީކަމަށް ވެދާނެއެވެ. ބެއްލެވީ އަޅުގަނޑާ ގިނަވާހަކަ ދެއްކޭތޯއެވެ.

ފެއްޓެވީ ބުނާނެ އިތުރުއެއްޗެއް އޮތްތޯ، އައްސަވާފައި އެސުވާލަށް ބުނާނެއެއްވެސް އެއްޗެއް ނެތޭދެންނެވުމުން، ދެން ފެއްޓެވީ ކެއުމާބެހޭ ވާހަކަ ތަކެވެ. ރަނގަޅުތޯ އެއްސެވިއެވެ. ޑައިބެޓިކް ކަންތައް ހުރިނެތްގޮތް އެއްސެވިއެވެ. އަދި ކެއުމަށް ބޭނުންކުރަމުން މިގެންދާ ބާވަތްތަކުގެ ފައިދާއާއި މިހެންގޮސް ބައިވަރު ވާހަކަތައް ދެއްކެވިއެވެ. މޫސްލީއާއި ސްކިމްކިރާއި އަޓާފުށުގެ ރޮށިކެއުމަށް ބޭނުންކުރުމުން ވާގޮތްތަކާމެދު ވަރަށްގިނަ ވާހަކަތައް އައްސަވާ ހެއްދެވިއެވެ.

ހީވަނީ، ހަލީމްވެސް މިފާޑުގެ ކެއުމަށް ބަދަލު ކުރައްވަން އުޅުއްވަނީ ހެންނެވެ. ނުވަތަ ޑައިބެޓިކް މީހެއްބާވައޭ ހިތަށްއަރާވަރަށް މިސުވާލުތައް ކުރެއްވިއެވެ. އަދި ތިމަންނާވެސް ތިޔަގޮތަށް ކެއުންބަދަލު ކޮށްލާންވީއޭ ވެސް ވިދާޅުވިއެވެ. މިއަދުގެ ވާހަކަތަކުން އަޅުގަނޑަށް އެނގުނު އެއްޗަކީ، ކޮންމެދުވަހަކު ވެސް ވަގުތުކޮޅެއް ހުސްކޮށްލައިގެން އަޅުގަނޑު ނެރެގެން އެއްސުވާލެއް ކޮށްމިހައްދަވަނީ ވަކިކަމެއް އޮވެގެންނޫން ކަމެވެ. އެބޭފުޅުން ރާއްވަވަމުން ގެންދަވާ ކަންތައްތަކެއް ނިމެންދެން، އަޅުގަނޑު ބަންދުގައި ބަހައްޓާފައި ހުރީކަމެވެ.

މިއަދުގެ ވާހަކަތަކުން އަޅުގަނޑުމެން ބަންދުގައިތިބި މީހުންނާދޭތެރޭގައި އިތުރުކަންތައްތަކެއް ހަމަޖެހި، އަދި ކުރިޔަށް ތަހުގީގު އޮންނާނެކަން ސާފުވިއެވެ. އަދި ގޯގޯލަތީފުގެ ދަރިފުޅު ޖެނީވެސް މިކަމާގުޅިގެން ބަންދުކޮށްފައި ހުރިކަން މިވާހަކަތަކުން ސާފުވިއެވެ. އެހެނަސް މިހާތަނުން، އަދި ޖެނީއެއް ނުދެކެވެ. ދޫނިދޫގައި ގެންގުޅެނީ ކަމަށް ވެދާނެއެވެ.

27 ސެޕްޓެމްބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 7 ވަނަ ދުވަހެވެ. މިއަދުވެސް ހަވީރު ތަހުގީގަށް ނެރުނެވެ. އިންނެވީ ހަލީމެވެ. މިއަދުވެސް އިންނެވީ ވަރަށް މޫނުމަތިއަލި މޫޑެއްގައެވެ. ހީހީފައިވާހަކަ ދެއްކެވިއެވެ. ވިދާޅުވިއެވެ. ފެރީގެ ކެޕްޓަނާއި އިތުރުތިން މީހުން ގެނެސް، އެމީހުންނާ ސުވާލުކުރުމުން ވެސް އިލްޔާސްކިޔާ މީހަކު އެދުވަހު އެމީހުންގެ ފެރީން އުފުލިކަމުގެ ހަދާންނެތްކަމަށް އެމީހުންބުނެފި ކަމުގައި އަޅުގަނޑު ގާތުގައި ވިދާޅުވުމުން، އަޅުގަނޑާއި އެމީހުންނާ އެއްތަންކޮށް ސުވާލުކޮށް ދިނުމަށް އެދުނީމެވެ.

އޭރުންފަހަރުގައި އެމީހުންގެ ހަނދާނަށް އަޅުގަނޑު އަތުވެދާނެއެވެ. ހަމަގައިމު ވެސް އަޅުގަނޑަށް ޔަގީނެވެ. އަޖޫބެއާއި ކުޅުދުއްފުށީ އަހްމަދަށް އަޅުގަނޑެއް ނޯޅޭނެއެވެ. އެމީހުން ވެސް މިތަނަށް ގެންނަވައިގެން އައްސަވާށެވެ. ކިޔައިދޭނެކަން ކަށަވަރެވެ. މިވާހަކަތައް އެމީހުން ހާޒިރުކޮށްގެން ސުވާލުކުރުމަށް ބާރުއަޅާ ވަރަށްގިނަ ވާހަކަތައް އަޅުގަނޑު ދެއްކީމެވެ. ހަލީމް ވެސް ވަރަށްގިނަ ވާހަކަތައް ދެއްކެވިއެވެ.

އަޅުގަނޑުގެ ހިތަށް މިއަދު އެރިއެވެ. އަޅުގަނޑަށް ހުކުމެއް އިއްވޭވަރަށް ހެކިނުހޯދޭނެކަން ހަލީމަށް އެނގިވަޑައި ގަތުމުން މިގޮތަށް، 45 ދުވަސް ދުއްވާލަން ބޭނުންވަނީ ބާވައެވެ! ނުވަތަ މިތަހުގީގުތައް އެހެން ސިފައަކަށް ބަދަލުވާން އުޅެނީބާވައެވެ! އެޓޮލްސްގައި އުޅުއްވާ އޭނާގެބޭބެ ނައިބުގޭ އަހްމަދު ހަލީމްގެ ވާހަކަވެސް އަޅުގަނޑާއެކު މިއަދު ދައްކަވާ ހެއްދެވިއެވެ. މިއަންނަ ހުކުރުދުވަހު، އަހްމަދު ހަލީމްއައި ބައްދަލުވާނެ ވާހަކަވެސް ބުނުއްވިއެވެ.

އަދި އިލްޔާސްގެ ސަލާމް ބުނެދޭނެ ވާހަކަވެސް އަމިއްލައަށް ބުނެދެއްވިއެވެ. މިއަދުގެ ވާހަކަތަކުން ވެސް އިތުރުބަޔަކާ އެކުގައި އަލުން މިތަހްގީގުތައް ކުރިޔަށް ދާނެކަމުގެ އިޝާރާތެއް ލިބުނެވެ. ހަލީމުގެ ވާހަކަތަކުން މިކަހަލަ އިޝާރާތެއް އަޅުގަނޑަށް ވީއެވެ. އެއްގޮތަކަށް ވެސް ހަލީމް އެކަހަލަ އެއްޗެއް ނުބުނުއްވައެވެ.

28 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 8 ވަނަ ދުވަހެވެ. މިއަދު އެއްވެސް ކަމެއްނެތެވެ. ގޮޅީގައި ބަންދުގައި އިނީއެވެ. މިއަދު އަޅުގަނޑު ޑޮކްޓަރަށް ދައްކަން ގެންދިޔަ މަނިކު ދުރުވެ، ބްލަޑްޓެސްޓުގެ ނަތީޖާސީޓް ގެނެސް ދިނެވެ. ނަސީބަކުން ހަކުރުހުރީ މާމަތިކޮށެއް ނޫނެވެ. 177 ގައެވެ.

މަނިކު ބުނުއްވިއެވެ. ޑޮކްޓަރ މުހަންމަދު އަހްމަދު ވިދާޅުވީ، އިލްޔާސް ކަމުންގެންދާ ގޮތަށް ބޭސްކައިފައި ކެއުންތިޔަ ގޮތަށް ހުރިއްޔާ ރަނގަޅުވާނޭ ވިދާޅުވިއެވެ. އަދި ކުރީދުވަހު ޑޮކްޓަރ ވިދާޅުވިގޮތަށް ޑޮކްޓަރުވެސް ޑައިބެޓިކް ބޭސް ފަރިއްކުޅުއްވަމުން ގެންދާގޮތަށް އިލްޔާސް ވެސް ބޭސްކެއީމާ ރަނގަޅުވާނެއޭ ޑޮކްޓަރ ވިދާޅުވިއެވެ. ދެން އަޅުގަނޑަށް، އެނގިއްޖެކަމާއި އެންމެ ރަނގަޅޭ ދެންނެވުމުން މަނިކު ހިނގައެޖެއެވެ.

29 ސެޕްޓެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 9 ވަނަ ދުވަހެވެ. ވަކިޚާއްސަކަމެއް ނެތެވެ. ބުނާގޮތަކަށް ވަރަށް މޮޅަށްކެއުން ލިބެއެވެ. ކޮންމެފަހަރަކު ތާޒާމޭވާ ވެސް ލިބެއެވެ. އޮރެންޖަކާއި އާފަލެއް އޮވެއެވެ. މިފަހަރު ފުދޭވަރެއްގެ ޚަރަދެއް މިކެއުމަށް ހިނގާނެތާއޭ ހިތަށް އަރައެވެ.

30 ސެޕްޓެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 10 ވަނަ ދުވަހެވެ. އާކަމެއް ނުހިންގައެވެ. މިހާތަނަށް ތަހުގީގަށް ނެރޭނެރުން ފިޔަވައި، ދުނިޔޭގެ ތާޒާވައިކޮޅެއް ނުލިބި އާޓިފިޝަލްވައި އެކިޒާތުގެ ވަސްވަހާއެކު ލިބެމުންދާތީ އަޅުގަނޑުގެ ނޭވާލާނިޒާމަށް އުނދަގޫތަކެއް ވާންފަށައިފިއެވެ. އެއްބައިފަހަރަށް ހިރަފުސް ވަސް ދުވައެވެ.

އަނެއްބައިފަހަރު މަގުމަތިން ބާރަށް އެއްޗެއް ދުއްވާފައިދާ ފަހަރު ހިރަފުހާއެކު އެކިވަސްތައް ދުވުމާއި އެކިޒާތުގެ ނުތާހިރުވައި މިގޮޅީގައި ހަރުކޮށްފައި ހުންނަބްލޯވަރުން ކޮޓަރިތެރެއަށް ވައްދައެވެ. އަދި އެވައިތައް ބޭރުވާނެ އެގްޒޯސްޓްފޭނެއް އެއްޗެއް، ކުޑަދޮރެއް އެއްޗެއް މިގޮޅީގައި ހަރުކޮށްފައި ނުހުރެއެވެ. މިތަންހަދާފައިހުރީ ހަމަބިމަށްވުރެ ތިރީގައި ކަމުން މިތާނގެ ތެރޭގެ ހާލަތަކީ ބޭރުން ވައިވައްދާ ބިންގަރާހެއްގެ މިސާލެވެ.

މުޅިމީހާގެ ހަންގަނޑު ހުންނަނީ ފާޑަކަށް އަބަދުވެސް ހިކިފައެވެ. ކުރަކިވެފައެވެ. އެއްވެސް ތެތްކަމެއް ނުހުރެއެވެ. ދެންއަދި ގޮޅީގައި ހުންނަ އެނބުރޭ ފަންކާޖައްސައި ފިއްޔާ މާގޯސްވެއެވެ. އެހެންވެ ފަންކާބަހައްޓަނީ ނިއްވާލާފައެވެ. ވަރަށް ދާހިއްލައިފިއްޔަ ޖައްސާހަދަމެވެ. ފަންކާ ހުންނަނީ ވެސް ވަރަށްތިރީގައެވެ. ދިހަވަރަކަށް ދުވަސްވީއިރު އުނަގަނޑުގެ މުޅިހަށިގަނޑަށް ތަދުއަރާއި ބޯއަނބުރާގޮތްވެ ނޭވާލުމަށް އުދަގޫތަކެއް ވާހެންހީވާން ފަށައިފިއެވެ. ނަފްސާނީގޮތުން މީހާހުލިވާން ފަށައިފިއެވެ. ޖިސްމާނީ ގޮތުން ބުރަހެލިވާން ފަށައިފިއެވެ.

މިއީ ޖަލުގެ ވީއައިޕީ ގޮޅީގެ ފެންވަރުހުންނަ ގޮތެވެ. ކުރާނެކަމެއް ނެތެވެ! ކެތްކޮށްލައިގެން، ﷲއަށް ޝުކުރު ދެންނެވުމުގައި ދެމިހުރީއެވެ! ކޮންމެނަމާދަކަށް ފަހު، މިކަންތައް ހަދާންވުމުން ދުޢާކުރަމުން ގެންދިޔައިމެވެ. އަދި މިބަންދުން ހުކުމެއް އަޅުގަނޑުގެ މައްޗަށް އަޔަނުދެއްވާތޯ ވަރަށްގިނަ ގިނައިން، ﷲއަށް ދަންނަވަމުން ގެންދިޔައިމެވެ. އަބަދު އިންނަނީ، ގުރުއާން ކިޔަވާށެވެ.

1 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 11 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާކުއްލި އަކަށް ހޭލެވުނީ ހުވަފެނެއް ފެނިގެންނެވެ. އޭރުގަޑިން ދަންވަރު، 1:00 ޖެހީއެވެ. ފެންނަނީ، އެމެރިކާގެ ވަރަށްމަތީ ފެންވަރުގެ ވަފުދެއް އަޅުގަނޑުމެންގެ ގެކަމުގައިވާ ޖަވާހިރުވާދީއަށް ޒިޔާރަތްކޮށްގެން އުޅެނިކޮށެވެ.

ވަރަށްރީތި ވޭނެއްދުއްވާފަ އައިސް ޖަވާހިރުވާދީ ކުރިމައްޗަށް މަޑުކޮށްލުމަށް ފަހު، އެވޭނުން ފައިބައިވަޑައިގަތީ އެމެރިކާގެ ރައީސެއް ކަމުގައިވާ ޖޯޖްޑަބްލިޔޫ ބުޝްއާއި އެމަނިކުފާނު އަރިހުގައި ވަޑައިގެންނެވި މަތީފެންވަރުގެ ވަފުދުގެ ބޭފުޅުންނާއެކު، ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކެވެ. މިއިއްޒަތްތެރި ބޭފުޅުންނާ، އިސްތިގުބާލު ކުރުމަށް ޖަވާހިރުވާދީގެ ކުރިމަތީގައި މަގުމަތީގައި އަޅުގަނޑު ހުންނަނިކޮށެވެ.

މަގުމަތިން ގެއަށް ވަންނަންހުންނަ ގޭގެބޮޑުދޮރު ކުރިމަތީގައެވެ. ހުރިހާބޭފުޅުން ފައިބައިވަޑައި ގަތުމުން އެބޭފުޅުންނަށް، އަޅުގަނޑު ތަޢާރުފްކޮށް އެރުއްވީ، ޑޮކްޓަރ ވަހީދެވެ. އެވަގުތު އަޅުގަނޑު އައިސްހުރީ ސީދާޖަލުން ނުކުމެގެންނެވެ. އަޅުގަނޑުހުރީ ޖަންގަލީފެހި ކުލައިގެ ރީތިބްލޭޒަރެއް ލައިގެން އާދައިގެ ފަޓްލޫނެއްގައެވެ. ޖޯޖްޑަބްލިޔޫ ބުޝްއާއި އެމަނިކުފާނުގެ ވަފުދު އަޅުގަނޑުގެ އިޝާރާތަށް އަޅުގަނޑުމެންގެ ގެއަށްވަދެވަޑައިގެން ގޭގެކަނައަތް ފަރާތުގައި ހުންނަކުޑަ ކޮޓަރިއަށް ވަދެވަޑައިގަތީއެވެ.

އެކޮޓަރީގައިހުރި ގޮނޑިތަކުގައި ހުރިހާބޭފުޅުން އިށީދެވަޑައިގަތީއެވެ. ބުޝްއެއްޗެކޭ ވިދާޅުވުމުން ހުރިހާބޭފުޅުން ވެސް ހިތާމާއިގެ ސުކޫތެއް ގެންނެވިއެވެ. މިއީ ކުޑަވަގުތު ކޮޅެއްގެ ސުކޫތެކެވެ. އެބޭފުޅުންގެ އަރިހުގައި ސުކޫތުގެ މިހިނދުކޮޅުގައި އަޅުގަނޑުވެސް ބައިވެރި ވެގެންހުރިކަން ރީތިކޮށް ހަނދާނުގައި ހުއްޓެވެ. ދެން އަޅުގަނޑައި އެމެރިކާ ސްޓައިލަށް ސަލާންގަލަން ކުރެއްވުމަށް ފަހު، އެޓީމުގެ ހުރިހާ ބޭފުޅުން ވަޑައިގެން މަގުމަތީގައިއޮތް ވޭނަށްއަރާ ވަޑައިގަތީއެވެ. އެހިސާބުން ކުއްލިއަކަށް ހޭލެވުނީއެވެ.

މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑުދުށީ، ތަހުގީގުތައް މަތިކުރެވުނު ވަރަކަށް ސަލާމަތްވުމުގެ މަގުއޮތީ ސާފުކޮށް، އޮމާންކޮށް ކަމަށެވެ. އަޅުގަނޑުމެން ކުޑަގޮޅީގައި ތިބިނަމަވެސް ދުނިޔޭގެ އެންމެމަތީ ބާރުން، އަޅުގަނޑު މެންނާމެދު ރަނގަޅު ވިސްނުން ގެންގުޅޭ ކަމަށެވެ. ކުޑަގޮޅީގެ ހަޔާތުގައި އެމެރިކާގެ މަންދޫބަކު އަޅުގަނޑާ ބައްދަލުވާނެ ކަމަށެވެ. މިހުވަފެނުން ވެސް އިތުރު ހިތްވަރާއިކެރުން، އާލާވެގެން ދިޔައެވެ. ހިތުގެނިޔަތް ހަރުދަނާވެ، ޢަޒުމްވަރުގަދަ ވެގެންދިޔައެވެ.

އާދެ! ރޭފަތިހު، 4:30 ގައި އަދިވެސް އިތުރު ހުވަފެނެއް ފެނުނެވެ. މިދެހުވަފެން ހެދުނު ވަރަށްރީއްޗަށް ހަދާންހުއްޓެވެ. މިހުވަފެނުގައި ފެންނަނީ، ސަރުކާރުގެ ވަރަށްމަތީފެންވަރުގެ ޙަފްލާއެއް ދަރުބާރުގޭގައި ބާއްވައިގެން އުޅޭތަނެވެ. އަދި އެތަނަށް ދައުވަތުލިބިގެން އަޅުގަނޑު ގޮސްއުޅެނިކޮށެވެ. ރަސްމީޖަލްސާއަށް ވުރެކުރިން ރައީސް ވަޑައިގެން މަޑުކޮށްލައްވާ ކޮޓަރިކޮޅުގައި އަޅުގަނޑާއި އެހެނިހެން ދައުލަތުގެ އިއްޒަތްތެރިން ރައީސް މައުމޫނުގެ އިންތިޒާރުގައި މަޑުކޮށްގެންތިބި މަންޒަރެވެ.

ހިނދުކޮޅެއްގެ ތެރޭގައި ރައީސް މައުމޫނާއި އޮނަރަބްލް އަބްދުއްރަޝީދު ހުސައިން އެކޮޓަރިކޮޅަށް ވެންނެވުމުން، އަޅުގަނޑު އެކޮޓަރިކޮޅުން ނުކުމެ ދޮރުންބޭރުގައި ދޮރާށިކައިރީގައި މަޑުކޮށްލައިގެން ހުންނަތަނެވެ. ދެން ރައީސް މައުމޫނާއި އަބްދުއްރަޝީދު ހުސައިން އަޅުގަނޑު ހުރިތަނަށް އެކޮޓަރިކޮޅުން، ބޭރަށްނުކުމެ ވަޑައިގެން، އަވަހަށް އިލްޔާސް އެތެރެއަށް ވަންނަވާށޭ ވިދާޅުވިއެވެ. އަބުސީވެސް މިއަމުރަށް ތަބާވުމަށް އަޅުގަނޑަށް އިޝާރާތް ކުރެއްވިއެވެ.

ދެން އެއަށް ފަހު، ރައީސް މައުމޫނު ޢަރަބިން ސަލާމްކުރާހެން ބައްދާލައްވާފައި އަޅުގަނޑުގެ ކޮލަށް ދޮނެއް ދެއްވިއެވެ. އަދި އަބްދުއްރަޝީދު ހުސައިން ވެސް ޕާކިސްތާނު މީހުން ސަލާމްކުރާހެން ބަޣަލްގީރުކޮށް، ބައްދާ ސަލާމްކޮށް ލެއްވިއެވެ. ދެން ފެނުނީ ރައީސް މައުމޫނު، އަޅުގަނޑުއަތަށް ޙަމްދޫންޙަމީދުގެ ތުއްތުބޭފުޅާ، ދެއްވާތަނެވެ! ދެން އެބޭފުޅާ އުރާލައިގެން ދަރުބާރުގޭ ބަގީޗާތެރޭގައި އަޅުގަނޑު އުޅޭމަންޒަރެވެ. ތުއްޕުޅު މިބޭފުޅާ ގޮވައިގެން ދަރުބާރުގޭ ބަގީޗާތެރޭގައި އުޅެނިކޮށް، އަޅުގަނޑަށް ކުއްލިއަކަށް ދެވުނުތަން ފެންނަނީ، އޮފީސްތަކުގެ މެދުގައި އޮންނަވޮލީބޯޅަ މުބާރާތް ބާއްވައިގެން އުޅޭތަނަށެވެ. އެއީކޮންތަނެއް ކަމެއް ހަނދާނެއް ނުވިއެވެ.

އޭރު ކުޅެމުން ގެންދަނީ، މިނިސްޓްރީ އޮފް ޓޯރިޒަމްގެ ޓީމާއި މިނިސްޓްރީ އޮފް އެޓޮލްސްގެ ޓީމެވެ. އެތާންގައި އަލްފާޟިލް ވާރޭވިލާ އަލީ ހުސައިންގެ ދަރިކަނބަލުން، އައިޝްތު އަލީ ހުންނެވިއެވެ. އައިޝްތު ފެންނައިރަށް އަޅުގަނޑު ގާތުގައިހުރި ޙަމްދޫންގެ ކުޑަބޭފުޅާ އައިސްތު ކައިރިއަށް ދާންވެގެން ބޮޑާހާކައިގެން ފިއެވެ. އައިސްތުއުރާ ނުލަނީސް އެބޭފުޅާ މަތައެއްނުވިއެވެ. ދެން އައިސްތު އަޅުގަނޑު ކައިރިޔަށް ކުޅުމައި ވަކިވެގެން ވަޑައިގެން އެބޭފުޅާ އުރާލެއްވި ތަނުން އަޅުގަނޑަށް ހޭލެވުނީއެވެ.

މިއަދު ހެދުނު ސައިބޮއި ނިމިގެންވެސް މިދެހުވަނާބެހޭ ގޮތުންވަރަށް ވިސްނީމެވެ. މިދެހުވަފެނާ ގުޅިގެން އަޅުގަނޑުގެ ހިތަށްވަންނަމުން ދިތައީ އެކިކަހަލަ ތަޢުބީރުތަކެވެ. ފުރަތަމަ ހުވަފެނާ ގުޅިގެން ނިންމުނީ އަޅުގަނޑާ ގުޅިގެން ބައިނަލް އަގްވާމީ ފެންވަރުގައި ވިސްނަމުން ގެންދާކަމެވެ. އަޅުގަނޑު މިކަހަލަބޮޑު ހަރަކާތަކާ ގުޅިގެން ބަންދުވުމަކީ ގައުމުގެ ކުރިމަގާއި ގައުމަށް ސިޔާސީގޮތުން އިސްލާހުގެނައުމަށް ހުޅުވުނު، ރަނގަޅުމަގެއް ކަމަށެވެ. މިވާހަކަ ތަފްސީލުކޮށް، މިހާރުވާނީ އެހުވަފެނުގެ ތަޢުބީރުގައި ދެންނެވިފައެވެ.

ދެވަނަ ހުވަފެނުން އަޅުގަނޑުނެގި ތަޢުބީރަކީ، ރައީސް މައުމޫނުވެސް މިކަމުގައި އަޅުގަނޑާ ދޭތެރޭގައި ވިސްނާވަޑައި ގަންނަވާކަމެވެ. މިކަމުންހުރީ ހެވާއި ރަނަގަޅު ގޮތްތައް ކަމަށެވެ. އެތެރޭންނާއި ބޭރުގައި ތިއްބެވި ބޭފުޅުން ވެސް އަޅުގަނޑާއި މިހިނގާދިޔަ ޙާދިޘާތަކާ ގުޅިގެން ބޮޑެތިކަންތައް ރާއްވަވަމުން ގެންދަވާކަމެވެ. މިކަންތައްތަކުގެ ނަތީޖާ ފޮނިކޮށް ފެންނާނެކަމެވެ. އަދި މިއަނިޔާތަކުގެ ބަންދުން، އަޅުގަނޑަށް ޝަރުޢީހުކުމެއް ނާންނާނެކަމެވެ.

ކޮންމެއަކަސް މިވިސްނުން ގަނޑުތެރޭގައި މިއަދު އެކުގައިހެން ނިމިގެންދިޔައީ އެކިވިސްނުންތަކު ތެރޭގައެވެ. އެކިގޮތްގޮތަށް ސިކުނޑިތާޒާ ކުރުމުގައެވެ. މިއީ، ގޮޅީގައި ހުންނައިރު ތާޒާކޮށް ސިނކުޑި ބެހެއްޓުމަށް ލިބޭރަނުގެ ފުރުސަތެއް ކަމުގައި ދުށީމެވެ. އަބަދުވެސް މިކަހަލަ ހުވަފެންތަކުން އަޅުގަނޑުގެ ހިތަށްތަސައްލީ ލިބެއެވެ. އަދި އަޅުގަނޑުގެ ހިތްހަމަޖައްސާއި އަޒުމްވަރުގަދަ ކުރަމެވެ.

2 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 12 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާފެންނަ ހުވަފެނަކީ، ރައީސް މައުމޫނު ރަސްމީ އިއްޒަތުގައި ރަސްމިއްޔާތަކަށް ވަޑައިގަންނަވާ މަންޒަރެވެ. މަގުމަތިން އަޅުގަނޑު ފެނިވަޑައި ގަންނަވާ އިރަށް އެހެން މަގަކަށް ކާރުކޮޅުގެ ދުއްވުން ބަދަލުކޮށް ލައްވާމަންޒަރެވެ.

މިކަންކުރަމުން ގެންދަނީ އެމަނިކުފާނުގެ ސެކިއުރިޓީ ބަލަހައްޓާ ޓީމުންނެވެ. އެމަނިކުފާނުގެ އަމުރުފުޅަކަށް ނޫނެވެ. ވަޑައިގެންނެވި މަގުމަތީގައި މިސްކިތަކަށް އަރާވަޑައިގެން ނެވިއިރު އެތަނުން އަޅުގަނޑު ފެނިވަޑައި ގަތުމުން އެމިސްކިތުން ނުކުމެވަޑައި ގަންނަވައި އެހެން ދިމާއަކަށް ވަޑައިގެންނެވި ތަނެވެ.

މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ، މިތަހުގީގު ލަސްވެގެން ދާނެކަމާއި މުޅިން އާވަށްތަރަކަށް ދެމިގެންދާނެ ކަމަށެވެ. ރައީސް މައުމޫނަށް އަޅުގަނޑާ ދޭތެރޭގައި ވަސްވާސްތަކެއް އުފެދޭގޮތަށް ވާހަކަތައް ގެންދާބަޔަކު އުޅޭކަމެވެ. ހަގީގަތަށްވުރެ ބޮޑުކޮށް އަޅުގަނޑުގެ ވާހަކަތަކާއި އެހެނިހެން ޖާސޫސީ ވާހަކަތައް އުފުލެމުންދާ ކަމެވެ.

3 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 13 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ކައިގެން ގޮޅީގައި ގުރުއާން ކިޔަވަން އިންނަނީއެވެ.

4 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 14 ވަނަ ދުވަހެވެ. އާދާއިގެ މަތިން އެއްވެސް އާކަމެއް ނުހިނގާ ދުވަހެކެވެ.

5 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 15 ވަނަ ދުވަހެވެ. މިއަދަކީވެސް އާދަޔާޚިލާފު އެއްވެސް ކަމެއް ނުހިނގާ ދުވަހެކެވެ.

6 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 16 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު، 2:30 ގައި ތަހުގީގަށްދާން ތައްޔާރު ވެލައިގެން ހުރުމަށް، 3 ފަށުގެ އޮފިސަރެއް ކަމުގައިވާ ހުސައިން ރަޝީދު (ވައްތީނި) ދުރުވެ، ގޮޅީގެދޮރު ހުޅުވާލާފައި އަޅުގަނޑަށް އެންގިއެވެ. ވައްތީނިއަކީ މިބިންގަރާހުގެ ގޮޅިތައް ބަލަހައްޓަވާ ސަރުދާރެވެ.

އަޅުގަނޑު ގޮޅިއަށް ވެއްދިރޭ ކެއުމުގެ މެނޫހެދީ ވެސް މިނާއެވެ. ވީއައިޕީ ދެގޮޅީގެ މެދަށްވާގޮތަށް ހުންނަގުދަން ހުޅުވައި ގައިދީންނަށް ބޭނުންވާ ސަމާނުތައް ބަހާއި ގައިދީންގެ އެދުމުގެމަތިން އެތަކެތި ދީހަދަނީ މީނާއެވެ. މީނާއަކީ މާހަރުކަށި މީހެއްނޫނެވެ. އަޅުގަނޑަށް ފެނުނީ، އަޅުގަނޑާ ދޭތެރޭގައި މަޑުމައިތިރި ރަނގަޅު މީހެއްގެގޮތުގައެވެ. ބުނާއިރަށް އޭނާއާހަމައިން ކުރެވެންހުންނަ ކަންތައް ކޮށްދެއެވެ. ކެއުންވެސް ވީހާބަރާބަރުކޮށް ބެހެއްޓޭތޯ ބައްލަވައެވެ.

ތުވާލި ބުރުސް ބެޑްޝީޓުފަދަ ތަކެތިބަދަލުކުރަން އެދޭއިރަށް، އެފަދަ ކަންތައް އަޅުގަނޑަށް ވަރަށްއަވަހަށް ކޮށްދެއެވެ. މިއަދު ތަހުގީގުއޮތީ މިއިމާރާތުން ބޭރުގައި ކަމަށް ވައްތީނި ބުނުއްވިއެވެ. ދެން، ފެންވަރާލައިގެން އަތުގައިއޮތް ޖީންސްލައިގެން ހުދުއާދައިގެ ޓީޝާޓެއް ލައިގެން އަޅުގަނޑުހުރީ ތައްޔާރަށެވެ. ބަލާއަންނަންދެން ކިޔަވަން އިނީއެވެ. ވައްތީނި މިކަން، އަޅުގަނޑަށް އެންގީމެންދުރު ދޭއްޖަހަނިކޮށެވެ. އޭރު މެންދުރުކެއުންވަނީ ނިމިފައެވެ. ބަރާބަރު، 2:30 ގައި އަޅުގަނޑުގެ ގޮޅީގެދޮރު ހުޅުވާލާފައި ނުކުތުމަށް އެންގިއެވެ.

ބޭރަށްނެރެ ސިފައިންގެ ވޭނަކަށް އަރުވައިގެން ގެންގޮސްބޭލީ ހ.ވެލާނާގެއަށެވެ. އެތަނަކީ، ކޮޕީރަޝީދު، އިސްކޮށް ހުންނަވައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފޮތްޗާޕްކުރާބައި ހިންގެވި ބައެވެ. ވަންނައިރު ކުރިމަތީގައި ހުންނަނީ، އެބޭފުޅުން ބޭނުންކުރެއްވި ބޮޑުގުދަނެވެ. ދެއަރިމަތީގައި އޮފީސްބައެވެ. މިއޮފީސްބަޔަކީ މިހާރު، ތަހްގީގުކުރުމަށް ޚާއްސަކޮށްފައިވާ ކޮޓަރިތަކެވެ.

އަޅުގަނޑު ވެލާނާގެއަށް އުފުލިވޭނަކީ އެތެރެނުފެންނަ ގޮތަށްހަދާފައި އޮންނަ ހުދުކުލައިގެ ދެފަރާތު ބޭރުގައި، ޕޮލިސް އިނގިރޭސި އަކުރުން ޖަހާފައި އޮންނަވޭނެކެވެ. އެއީ ކުށްވެރީން އުފުލުމަށް ޚާއްސަކޮށްފައި އޮންނައުޅަދެކެވެ. ވެލާނާގެއަށް ވެއްދުމަށްފަހު، ގެންގޮސް ބޭންދީ، ގުދަންތެރޭގައިހުރި އަތްގަނޑުނެތް ޕްލާސްޓިކް ގޮނޑިއެއްގައެވެ.

ސިފައިންގެ ތެރެއިން، 5 އޮފިސަރަކު ގާޑުންނަށް ތިއްބެވިއެވެ. ބޭންދިގޮތް ނޫންގޮތަކަށް ގޮނޑިއަނބުރާލުމާއި އެކިފަރާތްތައް ބަލާހޯދުމަކީ މަނާކަމެކެވެ. ބުނީމައި ބުއިމަށް ކުދިފުޅިގެ މިނަރަލްފެން ގެނެސްދެއެވެ. ދެނީއެއްފުޅިއެވެ. މިގޮތަށް ގުދަންތެރޭގައި، 30 ށް މިނެޓްވަންދެން ބައިންދާފައި އިނެވެ. ހީސްލާން އެދުމުން ވެލާނާގޭތެރޭގައި ހުންނަ ހަލާކުވެފައިހުރި ފާޚާނާއަކަށް ގެންގޮސްދިނެވެ. އަނބުރާ ގެނެސް އަނެއްކާވެސް ބައިންދަނީ އެގޮނޑީގައެވެ.

ގުދަނުގެ ދޮރުމަތީގައި އަބަދުވެސް، 3 ގާޑުންހިނގާލަ ހިނގާލާތިބެއެވެ. ދެން ތަންކޮޅެއް އެތެރޭގައި އަޅުގަނޑާ ދިމާއަށް އެނބުރި އަބަދުވެސް ބަލަންހުންނަ ގާޑަކު ބަހައްޓާފައި ހުރެއެވެ. ކަމެއްކޮށްލަން ޖެހެނީ، މީނައަށް ނޭންގޭގޮތަށެވެ. ގުދުވެލިޔަސް ކައިރިން އެއްޗެއް އަތަށް ނެގިޔަސް އިޝާރާތުން އޭނާގެ އިންޒާރާއި އޯޑަރު އެކަމެއް ނުކުރުމަށް ލިބެއެވެ.

މީގެތެރޭގައި އުޅެނީ ހުސް ޕްރައިވެޓުންނެވެ. މިގުރޫޕްގެ އިސް މީހަކަށް ހުންނަވަނީ، މުހަންމަދު ނަޢީމް އޭކިޔާ އެއްފަށުގެ އޮފިސަރެކެވެ. މިއީ އަޅުގަނޑުމެން ގެންގޮސް ގެނެސް އުފުލާހެދުމާ ހަވާލުވެހުންނެވި އެންމެއިސް އޮފިސަރެވެ. ފަހުން އެނގުނު ގޮތުގައި މީނާއަކީ، އިނގިރޭސި ނަޢީމުގެ ދަރިފުޅެކެވެ.

އާދެ! 30 ށް މިނެޓްފަހުން ގުދަނުން ނެރެގެން ގެންގޮސްވެއްދީ، 2 ނަންބަރު ތަހުގީގު ކޮޓަރިއަށެވެ. މިތާނގައި، 3 ކޮޓަރި ތަހުގީގުކުރުމަށް ހަދާފައި ހުއްޓެވެ. ކޮޓަރިތަކުގައި ހުންނަނީ، ނަންބަރު ޖަހާފައެވެ. މިތިން ކޮޓަރިވެސް ހުންނަނީ އެއަރކޯން ކޮށްފައެވެ. ކުޑައެއްކޮޓަރިއާއި ތަންކޮޅެއްބޮޑު ދެކޮޓަރިއެވެ. މިތަނުން ކުޑައީ، 2 ނަންބަރު ކޮޓަރިއެވެ. ކޮޓަރިތެރެއަށް ވަންނަން ހުންނަ ހުރިހާބޮޑު ދޮރެއްގައިހުރި ބިއްލޫރީގައިހުރީ ކަރުދާސްތަތްކޮށް އެތެރެނުފެންނަހެން ހަދާފައެވެ. އަދި އެތެރެއިން ބޭރުނުފެންނަ ގޮތްހަދާފައެވެ.

އަޅުގަނޑު ވެއްދުމަށް ދެނަންބަރު ކޮޓަރީގެ ދޮރުހުޅުވާލުމުން ފުރަތަމަ ވެސް ފެނުނީ، އަޅުގަނޑުގެ މައްސަލަ ބައްލަވާ ނައިބުގޭ މުހަންމަދު ހަލީމު މޭޒުކައިރީގައި ހުރިގޮނޑީގައި އިސްމީހެއްގެ ގޮތުގައި އިންނެވިތަނެވެ. ދެން އެނާގެ ކަނާއަތް ފަރާތުގައި އެބޭފުޅުންގެ ލޮޔަރުކަމުގައިވާ، ބަޝީރު އިންނެވިއެވެ. ދެން އަޅުގަނޑު ގޮވައިގެން އައި ނައީމްއާ، އަދި ވެސް ސިފައިންގެ ޕްރައިވެޓެއް، ހަލީމް އިންނެވި މޭޒުގެ ކަނާއަތް ފަރާތުގައިހުރި ދެގޮނޑީގައި އިށީންނެވިއެވެ. ދެން މޭޒުކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށް ހަލީމް، އަޅުގަނޑަށް އިޝާރާތް ކުރެއްވިއެވެ.

އަޅުގަނޑު އިށީންނަން ޖެހޭގޮނޑީގެ ފަހަތުގައިހުރި، 3 ގޮނޑީގައި ތިއްބެވީ، ސްޓޭޓްއެޓަރނީ ނާޝިދާއި ރައްޔިތުންގެ މަޖިލީހުގެ ސ.އަތޮޅުގެ މެމްބަރެއް ކަމުގައިވާ، ހިޔަލީއާއި ގއ.އަޔޮޅުގެ މެންބަރެއް ކަމުގައިވާ، ރާމިޒެވެ. އަޅުގަނޑު އިށީންނަން ވެގެން ގޮނޑި ދަމާލުމުން މިބޭފުޅުންގެ ކަކޫތަކުގައި ގޮޑިން ޖެހިއްޖެއެވެ.

އަދި އަޅުގަނޑަށްހުރި ގޮނޑި ބަހައްޓާފައި ހުރިގޮތުން، މިބޭފުޅުންނަށް ކުރިމަތިވަނީ އަޅުގަނޑުގެ ގޮނޑީގެ ފުރަގަހެވެ. އަޅުގަނޑު އިށީންނަން މިޖެހެނީ އެބޭފުޅުންނަށް ފުރަގަސްދީގެން ހަލީމަށް ކުރިމަތިވާ ގޮތަށެވެ. އަޅުގަނޑު ހަލީމަށް ދަންނަވައިފީމެވެ.

އަޅުގަނޑު މިތިއްބެވި އިއްޒަތްތެރި މެންބަރުންނަށް ފުރަގަސްދީގެން ނުއިންނާނަމޭ ކިޔާފަ އިންކާރުކޮށް އަޅުގަނޑު އިށީންނަން ހުރިގޮނޑީގެ ފުރަގަސް ހަލީމު އިންނެވި މޭޒުގެ ވައަތްފަރާތަށް ވާގޮތަށް ފާރުގައި ޖެހޭގޮތަށް އަނބުރާލައި ފީމެވެ. ހަލީމު އިންނެވި މޭޒުވެސްހުރީ އެދިމާލުން ފާރުގައި ޖައްސާފައެވެ. މިހާރު އަޅުގަނޑުގެ ފުރަގަސް ދިމާވަނީ ފާރަށެވެ. ކުރިމަތި ދިމާވަނީ ނައީމުމެން ދެމީހުންނަށެވެ. އަޅުގަނޑުގެ ކަނައަތްފަރާތުގައި މޭޒުގައިއިންނެވީ ހަލީމެވެ. ވައަތްފަރާތުގައި އިއްޒަތްތެރި މެންބަރުންނާއި ސްޓޭޓްއެޓާރނީ ނާޝިދެވެ.

މިގޮތަށް ހަމަޖެހިލައިގެން އަޅުގަނޑު އިށީދެއްޖައިމެވެ. ހަލީމް އެންމެރަނގަޅޭ ވިދާޅުވެއްޖެއެވެ. ނަސީބަކުން އިއްޒަތްތެރި މެންބަރުން ތިއްބެވީމާ އަޅުގަނޑުގެ ބަސްގަބޫލު ކުރައްވައިފިއެވެ. ސިފައިންގޭގެ ތެރޭގައިނަމަ، މިކަންމިގޮތަކަށް ނުވީސްކަން ކަށަވަރެވެ. އިށީންނަން ޖެހޭނީ އެބޭފުޅުން އަންގާތަނެއްގައެވެ.

ދެން ހަލީމްގެ ވާހަކަފުޅު ފައްޓަވައިފިއެވެ. އަޅުގަނޑާ ދިމާއަށް ވިދާޅުވިއެވެ. މިތިއްބެވި އިއްޒަތްތެރި ބޭފުޅުންނަކީ، ދިވެހިދައުލަތުގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނެވެ. މިތަނަށް ވަޑައިގެން އެތިއްބެވީ، މިތަހުގީގު ހިންގަމުން ކުރިޔަށް ގެންދާއިރު އެކަންތައް ބައްލަވަން މަޖިލީހުގެ މެންބަރުން ތިއްބަވާގޮތަށް ރައީސުލް ޖުމްހޫރިއްޔާ ހަމަޖެއްސެވުމުން، އެގޮތުގެމަތިން އެކަންތައް ކުރެއްވުމަށެވެ. ސަރުކާރުން ޚާއްސަގޮތަކަށް މިކަމުގެ ތަހުގީގު ކުރިޔަށް ގެންދެވުމަށް ބޭނުންފުޅުވާތީ، ރައީސުލް ޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވައި މިހާރުވަނީ އެކަންތައް ރަސްމީކޮށް ސަރުކާރުން އިއުލާނު ކުރައްވާފައެވެ.

މިވާހަކަ މިގޮތަށް އަޅުގަނޑަށް ހަލީމު ބުނެދެއްވުމުން އަޅުގަނޑު ދަންނަވައިފީމެވެ. އޭރު އަޅުގަނޑުއިނީ، މިބޭފުޅުންކޮޅު ތަހުގީގުގައި ތިއްބަވާތަން ފެނުމުން، އަޅުގަނޑު އެއްގޮތަކަށް ވެސް މަޑުންނުއިދެ ދެއްކުނުހާ ވާހަކައެއް މިބޭފުޅުންނަށް އިއްވުމުގެ ގޮތުން ދެއްކުމަށް، އަޒުމް ކަނޑައަޅައި ގެންނެވެ. އަދި މިގޮތަށް ކަންތައްގެންދިއުމަށް ނިޔަތްގަނެ، މުޅިން ނިންމައިގެންނެވެ.

އަޅުގަނޑު ދަންނަވައިފީމެވެ! އާދޭހެވެ! ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ އާދަޔާޚިލާފު ޢިނާޔަތްތަކަކާއި އިމްތިޔާޒުތަކެއް ލިބިގެންވާ ގަދަރުވެރި ބޭފުޅުންނެވެ. މިއީ އަޅުގަނޑު ވަރަށް ރަނގަޅަށް ދަންނަ ކަމެކެވެ. އެއީ ރައްޔިތުންގެ ބާރުވެރިންނަށް ވާތީ، އެބޭފުޅުންނަކީ ވަރަށްމަތިވެރި އިއްޒަތްތެރީން ކަމުގައި ދެންނެވީމެވެ.

އެކަން އަޅުގަނޑު، ދަންނަމޭ ދެންނެވީމާ ވިދާޅުވެއްޖެއެވެ. އިލްޔާސް މިތަނަށް މިގެނެވުނީ، 20 ސެޕްޓެމްބަރު 2003 ދުވަހު މާލެތެރޭގައި ހިންގުނު ޣައިރު ޤާނޫނީޢަމަލު ތަކާއި ހަމަނުޖެހުމުގައި އިލްޔާސް ބައިވެރި ވެފައިވާކަމުގެ ރިޕޯޓެއް ޑިފެންސަށް ލިބިފައިވާތީ އެކަމުގެ ތަހުގީގު ކުރުމަށެވެ.

އިލްޔާސް އެދުވަހު ސޯސަންމަގުން އުތުރަށްގޮސް ސަރުކާރު މުވައްޒަފުންގެ ނާދީއަށްވަދެ އަދި އެތަނުންނުކުމެ ހެއްދެވީ ބޮޑުގްރޫޕަކާ އެކުގައިކަން އެނގިފައިވެއެވެ. މިތަނަށްވަނީ އެމަޢުލޫމާތުތައް ލިބިފައެވެ. އެގްރޫޕްގައި އިސްމީހެއްގެ ގޮތުން ހުންނެވީ އިލްޔާސްކަމަށް ހެއްކާއި ގަރީނާތައް ޑިފެންސަށް ލިބިފައި އެބަހުއްޓެވެ. ވީޑިޔޯއާއިފޮޓޯ ލިބިފައި އެބަހުއްޓެވެ.

އެހެންވެ އެދުވަހު މާލެތެރޭގައި ހިންގުނު ހުރިހާ ހަމަނުޖެހުމެއްގެ އަޑީގައި އިސްލީޑަރެއްގެ ގޮތުން، އިލްޔާސް ހުންނެވިކަމުގެ ތުހުމަތުވަނީ، އިލްޔާސްގެ މައްޗަށް އުފުލިފައެވެ. ވީމާ މިހިންގަނީ އެތަހުގީގުކަމަށް ވިދާޅުވެފައި މިކަމުގައި އިލްޔާސް ބުނުއްވަނީ ކީކޭތޯ ސުވާލު ކުރައްވައިފިއެވެ.

އަޅުގަނޑު ދެންނެވީމެވެ! މިމަހު، 21 ވަނަ ދުވަހު ސިފައިންގެއަށް ގެނެސް އަޅުގަނޑު ދުނިޔޭގެ ވައިރޯޅިއެއް ނުލިބޭ ބިމުއަޑީގެ ބިންގަރާހެއްގެ އަނިޔާވެރި ގޮޅިއެއްގައި ބަންދުކޮށްފައި ބައިންދައިގެން ކުރެއްވި ސުވާލުތަކުގެ ޖަވާބުގައިވާނީ ތިޔަސުވާލަށް ވަރަށް ފުރިހަމައަށް ޖަވާބު އަރުވާ ފައެވެ.

އަދި އަޅުގަނޑުގެ ޖަވާބުތައް ވާނީ، ބަޔާނެއްގެ ސިފައިގައި ހެކިންނާއެކު ނަންގަވައި މިހާރު އިނގިލީގެ ނިޝާންޖަހާއި ސޮއިކުރުވާ ފައެވެ. އެދުވަހު އެސުވާލުތައް ކުރެއްވީ، އަދި އެބަޔާން ލިޔުއްވީވެސް ސީދާ ހަލީމް، ނޫންތޯއެވެ. އެއީ ރަސްމީ ތަހުގީގެއް ނޫންތޯއެވެ. މިހާރުވަނީ، މިކަމާގުޅިގެން ވަރަށް ތަފްޞީލް ބަޔާނެއްނަގާ ނިންމާފައެވެ. މިހާރު އެބަޔާން ކޮބައިތޯއެވެ؟

ފަހެ، އެބަޔާނުގައި އެވަނީ މިމަހުގެ، 20 ވަނަ ދުވަހުގައި އަޅުގަނޑުކުރި ކަންތަކާއި މާލެތެރޭގައި އަޅުގަނޑު އުޅުނުތަންތަނާއި މާލޭންބޭރުގައި އަޅުގަނޑު އުޅުނުތަންތަން ތަފްސީލުކޮށް ކިޔައިދީ ބުނެދީފައެވެ. އެބަޔާނުން އެނގިލައްވާނެއެވެ. ސާފުވާނެއެވެ. އެބަޔާން ހޯއްދަވައިގެން ތިޔަހުރިހާ ބޭފުޅުން ވިދާޅުވާށެވެ. އިއްޒަތްތެރިމެމްބަރުންނަށް ވިދާޅުވެދެއްވާށެވެ. ނޫނީ ވިދާލުވެލައްވަން ކޮޕީއެއް ދެއްވާށެވެ. ދެން ދަންނަވައިފީމެވެ. އެދުވަހު ސޯސަންމަގަށް އެއްގޮތަކަށް ވެސް އަޅުގަނޑު އަރާފައެއް ނުވާނެއެވެ.

އެއީ ކަނޑައެޅިގެން ދޮގެކެވެ. ތިޔައީ މިކަމުގައި އަޅުގަނޑު ބައްދާލުމަށް، ބަޔަކު އުފައްދައިގެން އުޅޭވާހަކައެކެވެ. ބޮޑުސިޔާސީ ރޭވުމެކެވެ. މަޅީއެކެވެ. ފަހެ، އެބަޔަކު ބޭނުންވަނީ މުޅި މިޙާދިޘާ އަޅުގަނޑުގެ ބޮލުގައި އަޅުވައިގެން ސިޔާސީ ކަންތައް ގަނޑަކަށް ހަދާލާއި ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. އަޅުގަނޑާ ގުޅުންހުރި ހުރިހާ ސިޔާސީ ލީޑަރުންތައް ތަޅުއަޅުވާއި ބަންދުކުރާށެވެ. މިއީ ބަޔަކުއަޑީގައި ތިބެގެން ރާވައިގެންއުޅޭ ސިޔާސީގޭސް ގަނޑެކެވެ. މުޑުދާރު ރޭވުމެކެވެ.

އިއްޒަތްތެރި މެންބަރުން މިތަހުގީގުގައި އަޑުއެއްސެވުމަށް ނަމަވެސް ތިއްބަވާތީ، އަޅުގަނޑު ވަރަށް އުފާކުރަމެވެ. މިތަނަސް ގެނެސްފައިމިތިއްބެވީ މަޖިލީހުގެ ތަޅުމުގައި މަދުންބަސް ވިދާޅުވާ ބޭފުޅުންނަށް ވިޔަސް މިވާހަކަތައް ތިޔަބޭފުޅުން ތިޔަބޭފުޅުންގެ ސަޕޯޓަރުންނާއި ތިޔަބޭފުޅުންގެ ސިޔާސީ އެދުރުންގެ ގާތުގައި ހިއްސާކުރައްވަން ވާނެއެވެ. އަޅުގަނޑު މިދަންނަވާ ވާހަކަތައް ސިއްރު ކުރައްވައިގެން ނުވާނެއެވެ. ޢާއިލާގެ ބޭފުޅުން ގާތުގައާއި ކޮފީމޭޒުތަކުގައި އަޅުގަނޑުގެ މިވާހަކަތައް ހިއްސާކުރައްވަން ވާނެއެވެ. ސަރުކާރުން ސިފައިން ލައްވާ މިކުޅުވާ ސިއްރު ކުޅިގަނޑު އޭރުންރެއަކައި ލާނެއެވެ.

މިހާތަފްޞީލުކޮށް އަޅުގަނޑު ހުޅުވާލައިގެން މިގެންދަނީ ތިޔަބޭފުޅުން އަޑުއައްސަވަމުން ގެންދަވާތީއެވެ. ސިޔާސީ މިރޭވުންތަކުގެ އަޑީގައިވާ އެންމެބޮޑު ސިއްރަކީ ރާއްޖޭގައި ޑޮކްޓަރ ވަހީދުމެން ކަހަލަ ސިޔާސީލީޑަރުން، އޭރުގެ ޚާއްސަ މަޖިލީހުގައި ފައްޓަވާފައިވާ އިސްލާހީ ހަރަކާތްމަރާލާއި އެހަރަކާތަށް ތާއީދުކުރާ އަޅުގަނޑުމެން ކަހަލަ، ޒުވާން ސިޔާސީ މީހުންތައް ހިފާހައްޔަރުކޮށް ބޯގޮއްވާލާށެވެ. ނުވަތަ ސިކުނޑު ދޮވެލާށެވެ.

މިކަންތައް ސީދާ އަޅުގަނޑާ ގުޅުވައިގެން ކުރިޔަށް މިގެންދަނީ، އިސްލާހީ ހަރަކާތުގައި ޢަމަލީގޮތުން ހަރަކާތްތެރިވެ، ސިޔާސީޕާޓީއެއް ވުޖޫދަށް ގެނައުމަށް މަސައްކަތްކުރާ ސިޔާސީ ހުރިހާ އެންމެންގެ ދުވަސްދުއްވާ ލާށެވެ. އަދިއަލުން ސަރުކާރު ހިންދާމާލާށެވެ.މަޖިލިސް މެމްބަރުންތައް ހައްލުވައިގެން އިތުރު މަޖިލިސް އިއްތިފާގެއް ރިޔާސީ އިންތިޚާބުގައި މިޖިލީހުންހޯދާށެވެ.

ﷲގެ އިރާދަފުޅުން އެއީވާނެ ކަމެއްނޫނެވެ. އެހަރަކާތަކީ ފުނޑާލާއި ފިސްފިސްކޮށް ލެވޭވަރަށްވުރެ މާވަރުގަދަކޮށް ރައްޔިތުންގެ ހިތްތަކުގެ އެންމެއަޑިއަށް މޫލާފައިވާ ކަމެކެވެ. އެއްކަމަކަށްފަހު، އަނެއްކަމެއް މަތިކޮށް، ރާވައިގެން މުޑުދާރު ސިޔާސީ ކުޅިވަރުތައް ކުޅުއްވަން އުޅުއްވިޔަސް އަޅުގަނޑުމެން ނުކުރާކަމެއް އަޅުގަނޑުމެންގެ ބޮލުގައި ނޭޅުވޭނެއެވެ. ތިޔަގޮތަށް މާލެތެރޭގައި ބަޔަކުލައްވައި އަލިފާންޖަހާފައި، އަޅުގަނޑުމެންގެ ބޮލުގައި އަޅުވަން މީގެކުރިން ވެސް މަސައްކަތްކުރިއެވެ. އެހެނަސް އެފަހަރު ވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. ނުހައްގުން ކޮންމެވެސް ހުކުމްތަކެއް އިއްވާލެއްވީއެވެ.

ފަހެ، ދަންނާށެވެ! މިފަހަރު ހުކުމް އިއްވޭވަރުވެސް ނުވާނެއެވެ! ފަހެ، މިއީ އެޒަމާނެއް ނޫނެވެ! ކެބިނެޓްގައި ތިއްބަވާފައި ބުނެލާގޮތަށް ތަހުގީގުތަކާއި ޝަރީޢަތްތައް، 1990 ގައި ގެންދެވުނަސް، 2003 ގައި މިޒަމާނަކު އެގޮތަށް އެކަމެއް ނުގެންދެވޭނެއެވެ! ތިޔަބޭފުޅުން އިންސާފަށް ލޯބިކުރާށެވެ! މިއިންނެވި ނާޝިދަކީ، ބޭރުން ކިޔަވައިގެން އިންނެވި ބޭފުޅެކެވެ.

އިއްޒަތްތެރި މެންބަރުން މިތާ މިތިއްބެވީއެވެ. އެދުވަހު ޢަޞުރުނަމާދު އަޅުގަނޑުކުރީ ސަހަރާގައެވެ. ފުރަތަމަވެސް ދިޔަގޮތަށްގޮސް އީވާނުގެ މޫނުދުށީއެވެ. އީވާން ހަށިގަނޑުގައި އަތްލާއިހަދާއިގިނަގޮތްގޮތަށް ބެލީމެވެ. އީވާން ހަށިގަނޑުގެ ވަށައިގެން ހިނގާބަލާ ހެދީމެވެ. ދެން ބަންގިގޮވުމުން އެރީ ސަހަރާ މިސްކިތަށެވެ. ޢަޞުރު ނަމާދުކުރީ ސަހަރާ މިސްކިތުގައި ޖަމާޢަތުގައެވެ.

އެއަށްފަހު ކުޑައިރުކޮޅަކު ސަހަރާގައި މަޑުކޮށްލާފައި ދިޔައީ މއ.ހައިވަކަރުގެ އަށް އަލިބެއާއެކު ހަވީރުސައިބޯށެވެ. ދެން އަޖްވަދު ވަހީދު (އަޖޫބެ) ގެ ސައިކަލު ފަހަތުގައި ދިޔައީ ހުޅުމާލޭ ފެރީޓާރމިނަލަށެވެ. ތިޔަވިދާޅުވާ ޣައިރުޤާނޫނީ ހަމަނުޖެހުންތައް މާލެތެރޭގައި ހިންގިއިރު އަޅުގަނޑު ހުންނާނީ ހުޅުމާލޭގައެވެ. ހުޅުމާލޭން މާލެ އާދެވުނީ ރޭގަނޑު އަށެއްގެ ފަހުންނެވެ.

މިހުރިހާ ވާހަކަތަކެއް އަޅުގަނޑު ސިފައިންނަށް ދީފައިވާ ޞައްޙަބަޔާނުގައި ވަރަށްރީތިކޮށް ލިޔެވިފައި ހުންނާނެއެވެ. ބައްލަވާލައްވާށެވެ. އެބަޔާން ވިދާޅު ވެލައްވާށެވެ. ފުލުހުން އަތުން އެބަޔާން ހޯއްދަވައިގެން ބައްލަވާށެވެ. ކިޔުއްވާށެވެ. އެބަޔާންތައް ލިޔެކޮށާއިމަށާއި ދިރާސާތައްކޮށް ހައްދަވާނީ މިތާ މިތިއްބެވި ސިފައިންނާއި ބަންޑާރަނައިބު އޮފީހުގެ ސްޓޭޓް އެޓާރނީންނެވެ.

ދަންނައެވެ! ހެއްވާކަމަކީ ދައުލަތުގެ ފަރާތުން ދައުވާކުރަންވެސް ތިއްބަވަނީ އެބޭފުޅުންނަށް ވާނެތީއެވެ. މިއަދުގެ މާހައުލުގައި ބަޔާންނަގަން ވެސް މިތިއްބެވީ ދައުވާ އުފުއްލެވުމަށް ތިއްބެވި ހަމައެބޭފުޅުންނެވެ. މިހިނގަނީ ދެކޮޅުދިމާކުރަން ވަރަށް އުނދަގޫކަންތަކެވެ. އަޅުގަނޑުގެ މިވާހަކަތައް ނިމުމުން ހަލީމް ވިދާޅުވެއްޖެއެވެ. މިހާރުމިވަނީ އަލުން ތަހުގީގު ފެށިފައެވެ. އެދުވަހު ކަންހިނގިގޮތް އަލުންފެށިގެން ކިޔައިދޭށެވެ.

ދެން އަޅުގަނޑު އަނެއްކާވެސް ބަޔާނުގައިހުރި ވާހަކަތައް އިތުރަށް ކިޔައިދީފީމެވެ. މިވާހަކަތައް އަޅުގަނޑު ކުރިންދީފައިވާ ބަޔާނުގައި ހުރިގޮތަށް ތަކުރާރުކޮށް ކިޔައިދިނުމަށް ފަހު، އިތުރަށް ދެންނެވީމެވެ. ސިފައިންގެ މިތަހުގީގުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތިއްބެވޭގޮތަށް ހައްދަވައިދެއްވީތީ ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

ރައިސް މައުމޫނަށް އެކަމުގެ ޝުކުރު ހުއްޓެވެ. ފަހަރުގައި އެމަނިކުފާނުގެ ބޭނުންފުޅަކީ މަޖިލިސް މެމްބަރުން ގާތްކުރެއްވުން ކަމަށް ވެސް ވެދާނެއެވެ. އިއްޒަތްތެރި މެންބަރުންގެ ކުރިފުޅުމަތީގައި މިތަހުގީގު ކުރިޔަށްދާތީ އަޅުގަނޑު އުފާކުރާކަމަށް ދަންނަވަމުން މިއަދުގެ ވާހަކަތައް މިހާހިސާބުން، ނިމުނީކަމުގައި ދަންނަވައިފީމެވެ. މިމަހު، 20 ވަނަ ދުވަހު އަޅުގަނޑު އުޅުނުގޮތާއި އުޅުނުތަންތަން މިހާރުމިކިޔައިދީ ނިމުނީއެވެ.

ކުރީގެބަޔާން ބައްލަވައިގެން އަލުންބަޔާނެއް ލިޔުއްވާށެވެ. އޭރުން މިބޭފުޅުންގެ ކުރިމަތީގައި އަޅުގަނޑު މިހުރީ އަލުން ސޮއިކުރަން ތައްޔާރަށެވެ. ދެން ކުރީގެ ބަޔާން އަލުންލިޔެގެން ގެނައުމުން ހިޔަލީއާއި ރާމިޒުގެ ކުރިފުޅުމަތީގައި އަޅުގަނޑު ސޮއިކޮށް މިއަދުންމިއަދަށް މިބަޔާން އަނެއްކާވެސް ރަފްބަޔާނެއްގެ ގޮތުގައި ނިންމާލެވުނެވެ.

ދެން ތަހުގީގުގެ މަޖިލިސް ނިންމާލެއްވީ އަޅުގަނޑު އެދިގެން އަޅުގަނޑުގެ އިލްތިމާސަކަށް ޖާގަދިނުމަށް ފަހުގައެވެ. އެބޭފުޅުންނަށް އަޅުގަނޑުކުރި އިލްތިމާސަކީ މިއެވެ. އަޅުގަނޑު އިލްތިމާސެއްގެ ގޮތުގައި ތިޔަބޭފުޅުން އަރިހުން މިއެދެނީ، ސާބިތު އެއްވެސް ގަރީނާއެއް ހެއްކެއްނެތި މިހާގިނަދުވަހު އަޅުގަނޑު ބިމުއަޑީގެ ބިންގަރާހެއްގައި ބަންދުގޮޅިއެއްގައި ދުނިޔޭގެ ވައިރޯޅިއެއް ނުލިބޭގޮތަށް ބެހެއްޓުމުގެ ސަބަބުން، އަޅުގަނޑުގެ ހައްގުތަކުންވަނީ މުޅިން މަހްރޫމްވެފައެވެ. ހުރަސްއެޅިފައެވެ.

އިންސާނީ ހައްގުތައް ވަނީ ގެއްލިފައެވެ. ސާފުވަޔަށް ނޭވާއެއް ނުލެވެއެވެ. އަޅުގަނޑުގެ އަސާސީ ހައްގެއް ކަމުގައިވާ ހެލިފެލިވެ އުޅުމާއި އަނބިދަރިންގެ ހާލުބެލުމާއި ހިނގާބިނގާވުމުގެ މިނިވަންކަންވަނީ އެއްކޮށް ގެންލިފައެވެ.

އަޅުގަނޑުގެ އަންހެނުންގެ އަތުގައިވާ އަޅުގަނޑުގެ ކުޑަކުޑަ ދެދަރިންގެ ހާލަކީކޮބައިކަމެއް ނޭނގެއެވެ. އެކުދިންގެ ހައްގުތައް ވީހިސާބެއް އަޅުގަނޑަކަށް ނާންގައެވެ. އެކުދިންނާއިއަންހެނުންވީ ނުވީތަނެއް ނޭނގެއެވެ. ފޯނެއްނުކުރެވެއެވެ. ތުއްތު ކުދިންކޮޅުގެ ހާލެއް ނާންގައެވެ. މިއީ ހަމަކަށަވަރުން އަނިޔާއެވެ. އިންސާނީ ކަރާމަތާ ޚިލާފުކަންތަކެވެ. އަޅުގަނޑުގެ ކުށަކީކޮބައިކަން ސާފުކޮށް އަޅުގަނޑަށް ކިޔައެއް ނުދެއެވެ.

ޝަރުޢީކޯޓެއް މެދުވެރިކޮށް ބުނެދީފައެއް ނެތެވެ. އަޅުގަނޑާއި އަނބިދަރިންނަށް ލިބެންޖެހޭ އެންމެ އަސާސީ ހައްގުކަމުގައިވާ މަހުމުސާރަކޮޅު ވީތަނެއްވެސް ނޭނގެއެވެ. އެތިންމައިންވީ ހިސާބެއްވެސް ނޭނގެއެވެ. އުޅެމުންދަނީ ކިހިނެއްކަމެއް ނޭނގެއެވެ. ދުނިޔޭގައި ތިބިކަމެއް ވެސް ނޭނގެއެވެ. މިއީ އިންސާނިއްޔަތަށް ހުރި، ބޮޑުވެގެންވާ އަނިޔާއެއްކަން ކަށަވަރެވެ.

އަޅުގަނޑުގެ މިހައްގުތައް އަދާކުރުމަށް ފުރުސަތު ދެއްވުންއެދި އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް މިކުރަނީ ވަރަށް އާދޭހާއި ހިތާމައާއެކުގައެވެ. އަޅުގަނޑަށް، އަޅުގަނޑުގެ އަސާސީ ހައްގުތަކުގެ ބޭނުންހިފުމުގެ މިނިވަންކަން ވީހާއަވަހަށް ލިބިދިނުމަށް އެދެމެވެ. މިހާރުން މިހާރަށް، މިއަދުން މިއަދަށް މިނިވަންކޮށް ދެއްވުން އެދެމެވެ. ތިޔަ ތިއްބެވީ ރައްޔިތުނެގެ މަންދޫބުންނާއި ދައުލަތުގެ އެޓަރނީންނެވެ. ދެން ދަންނަވާނެ އެއްޗެއް ނެތެވެ. މިއަދުގެ ހުރިހާވާހަކައެއް ދަންނަވާ ނިމުނީއެވެ.

ދެން ހަލީމް ވިދާޅުވީ އިލްޔާސް ތިޔަގޮތަށް އިލްތިމާސް ކުރެއްވިޔަސް އަދިވެސް މަތީފަރާތުން ހަމަޖައްސަވާ ފައިއޮތީ، އިލްޔާސް ޖަލުގެގޮޅީގައި ބަންދުގައި އިތުރަށް ބަހައްޓާގޮތަށެވެ. ދެން މިއަދުގެ ތަހުގީގު މިހާހިސާބުން ނިމުނީއެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން މިވާހަކަތައް ނިމެންދެން ވަރަށްކަނުލައި އަޑުއައްސަވަމުން ގެންދެވިއެވެ. އެއިން އެކަކު ވެސް ޗުއްޕުގެ މިންވަރު ވެސް ވިދާޅުވެ ނުލައްވައެވެ. ބުދުތަކެއްހެން އިސްދަށަށް ޖައްސަވައިގެން ލަދުންތިއްބެވިހެން ހަމަހިމޭންކޮށް ތިއްބެވީއެވެ. ދެން ނައީމު އަޅުގަނޑު ގެންގޮސް ބިންގަރާހުގެ ގޮޅިއަށްލާއި އަނެއްކާ ވެސް ތަޅުލީއެވެ.

7 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 17 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނުހިނގައެވެ. ގޮޅީގައި ކިޔަވަން އިނީއެވެ.

ގޮޅީތެރޭގައި ސީސީކެމެރާއެއް ހަރުކުރުން:

8 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 18 ވަނަ ދުވަހެވެ. މިއަދު ހެދުނުސަޔަށް ފަހު، 9 ޖަހާއެހާކަން ހާއިރު އަޅުގަނޑުނެރެ ކުރިމަތީގައިހުރި ވީއައިޕީ ގޮޅީތެރޭގައި ގޮނޑިއެއްގައި ބެއިންދުމަށް ފަހު، އަޅުގަނޑުގެ ގޮޅީތެރޭގައި އެނދާދިމާ މަތިން ސީލިންގުގައި ކުޑަވަރެއްގެ ވަރަށް އެކްޓިވް ކެމެރާއެއް ހަރުކުރިއެވެ. މިކަމަށް ދެތިންގަޑި އިރަށްވުރެ ގިނައިން ނެގިއެވެ.

މެންދުރު ކާންޖެހުނީ ވެސް ގޮނޑީގައި އިނދެގެންނެވެ. މިއީ އަޅުގަނޑު ވަރަށް ދެކޮޅުހެދި ކަމެކެވެ. އެހެނަސް ހަމަޖެހިފައި އޮތްގޮތަށް އެމަސައްކަތް ކުރިޔަށް ގެންދިޔައެވެ. އެއްވެސް ޖަލެއްގައި ކުށްވެރިޔާ ނިދާތަންރެކޯޑް ކުރެވޭގޮތަށް ހަދާފައެއް ނުހުރެއެވެ. ހުންނަގޮޅީގެ ވަށައިގެން ސީސީކެމެރާތައް މެދުވެރިކޮށް ބަލަހައްޓާއި ހަދާފައެވެ. އެހެނަސް މިއީ މުޅިން އެހެން ކުޅިވަރެކެވެ.

ކުރާނެކަމެއް ނެތެވެ. ކެތްކޮށްލައިގެން އިނީއެވެ. މިއީ މިމީހުންގެ ވިސްނުމާއި ފިކުރު، މަސައްކަތްކުރާ ފެންވަރެވެ. ފާޚާނާތެރެ ވެސް ފާޚާނާގެ ދޮރުހުޅުވިފައި ހުރިއްޔާ ފެންނާނެއެވެ. ނިދީގައާއި ހިތްހަމަޖެހިލައިގެން ފާޚާނާއަށް ވަނުމުގެ ފެންވަރުގައި ވެސް މީހާގެ އަސާސި މިނިވަންކަން ގެއްލުނީއެވެ. ހަވީރާހަމައަށް މިމަސައްކަތް ނިންމާއި ޓެސްޓުކޮށް ހަދައި ނިންމާލިއެވެ. އަޅުގަނޑުގެ ހުރިހާ ހަރަކާތެއް ރެކޯޑުކުރެވެން ފެށީއެވެ.

9 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 19 ވަނަ ދުވަހެވެ. ވަކިޚާއްސަ ކަމެއް ނުހިނގައެވެ. ގޮޅީގައި ހަމައިނީއެވެ. ގިނަވަގުތު ގުރުއާން ކިޔެވީއެވެ. އެނދުގައި އޮންނައިރު ބޯމަތީގައި އިންކެމެރާ އެކްޓިވްކޮށް ހަރަކާތްތެރި ވާތަން ފެނެއެވެ. ގިނައިން އޮވެވެނީ އެއާދިމާއަށް ބަލާށެވެ.

10 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 20 ވަނަ ދުވަހެވެ. މެންދުރެއްހާއިރު ސިފައިންގެ އޮސިސަރަކު ދުރުވެ، އަޅުގަނޑުގެ ގޮޅީގެ ދޮރުފަތުގައި ބޭރުފެންނަގޮތަށް ހަރުކޮށްފައިހުރި ބިއްލޫރިކޮޅުގައި ބޭރުފަރާތުން ކަރުދާސްތަތްކޮށް ބޭރުނުފެންނަގޮތް އަލުން ހެދިއެވެ. މިއީ ނަފްސާނީގޮތުން ދެވުނު ވަރަށްމަތީ ފެންވަރުގެ އަނިޔާއެކެވެ.

ހީވާގޮތުގައި ގާޑުން މީގެފަހުން އަޅުގަނޑު ބަލަހައްޓާނީ ގޮޅީގައި ހަރުކޮށްފައި ހުރިކެމެރާ މެދުވެރުކޮށެވެ. މިވީގޮތުން ތިރީގައި ހުންނަގާޑަށް އަޅުގަނޑު ނުފެނުނީއެވެ. އަދި އަޅުގަނޑަށް ބޭރުފެނުން މުޅިން ހުއްޓުނީއެވެ. މިކަމަކީ ސާފު އަނިޔާއެވެ. ސިކުނޑިއަށާއި ހިތަށާއި ލޮލަށް ސީދާކޮށާއި ނުސީދާކޮށް ކުރާބޮޑު މާސިންގާ އަނިޔާއެކެވެ. ކުދިނާރުތަކަށް މިކަމުގެ ގެއަސަރުތައް މުޅިއުމުރަށް ދެމިގެންދާނެކަން ކަށަވަރެވެ. ސާފުވައިން ބަންދު ގޮޅީއެއްގައިމިހާލުގައިއިނުމަކީ މީހާ އެކުގައި ލޮޑުކޮށް ބަލިކޮށްލާނެ ކަމެކެވެ.

11 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 21 ވަނަ ދުވަހެވެ. މިއަދަކީ މުޅިހަށިގަނޑު ހޫނުވެލާފައި ހުންނަ ދުވަހެކެވެ. ބްލޯވަރުން ޖެހޭވައިން ނޭވާލާން އުނދަގޫވާހެން ހީވެއެވެ. ބައެއްފަހަރު ހާސްވާގޮތް ވެއެވެ. އުނަގަނޑުގެ މުޅިހަށިގަނޑަށް، މިއަދުހުރީ ތަދުއަރާފައެވެ. ބުރަކަށި، މައިބަދައަށެވެ. އަދި ވަރަށް ބޮޑަށް އުނދަގޫވެފައެވެ. ބައެއްފަހަރު އޮށޯވެއޮވެފައި ތެދުވެ ހިންގާލަން އުނދަގުވެއެވެ. ބެލެންސް ގެއްލޭގޮތް ވެއެވެ. ހީވަނީވެއްޓިދާނެ ހެންނެވެ.

12 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 22 ވަނަ ދުވަހެވެ. މިއަދަކީ ތަހުގީގުކުރުމަށް ވެލާނާގެއަށް ނެރޭދެވަނަ ދުވަހެވެ. ގޮޅިން ނެރެގެން ވެލާނާގޭ ގުދަނަށް ވެއްދީ މެންދުރުފަހު، 2:30 ގައެވެ. މިއަދު ގޮޅިން ނުކުންނަމުން ނޭނގޭގޮތަށް ދޮރުފަތުގެ ބިއްލޫރިކޮޅުގައި ތަތްކޮށްފައިހުރި ކަރުދާސްގަނޑުގެ ތިރީކަނުން ތަންކޮޅެއް އުތުވާލާއި ހިތްލައިލީމެވެ. ސިފައިން ކުރީދުވަހަކޭ އެއްގޮތަށް ގާޑްކޮށް ބަލަހައްޓަމުން ގެންދިޔައެވެ. ގާތްގަނޑަކަށް، 30 ށް މިނެޓަވަންދެން އާދައިގެ ޕްލާސްޓިކް ގޮނޑިއެއްގައި ބޭންދުމަށް ފަހު، ވެއްދީ ތަހްގީގުކުރާ ދެނަންބަރު ކޮޓަރިއަށެވެ.

ތިއްބެވީ ހަމަކުރީ ދުވަހުވެސް ތިއްބެވި ބޭފުޅުންނެވެ. އިށީދެވަޑައިގެން ތިއްބެވީވެސް ކުރީދުވަހުގެ ތަރްތީބުންނެވެ. އަޅުގަނޑަށް ހުރިގޮނޑީގައި އަޅުގަނޑު ބޭންދުމަށްފަހު، ނަޢީމް އޭނާއަށްހުރި ގޮނޑީގައި އިށީންނެވުމުން ތަހުގީގު ފެއްޓެވީ، ނައިބުގޭ މުހަންމަދު ހަލީމެވެ. ވިދާޅުވީ އިލްޔާސް ބުނާނެ އިތުރުއެއްޗެއް އޮތްތޯއާއި ބައެއްސުވާލު ކޮށްލަންޖެހޭތީ ގެނެވުނީކަމަށެވެ.

ޖަވާބުގައި އަޅުގަނޑު ދަންނަވައިފީމެވެ. ދަންނަވަންހުރީ ހަމައެއް ވާހަކަތަކެކެވެ. ކުރީދުވަހު ކިޔައިދިން ވާހަކަތައް ފިޔަވާ އިތުރަށް އެކަމާގުޅިގެން ކިޔައިދޭނެ އެއްވެސް ވާހަކައެއް ނެތެވެ. އެދުވަހުގެ ބަޔާނުގައި ލިޔެފައި އެވަނީ މުޅިންތެދު ހަގީގަތެވެ.

މާލޭގައި ބަޔަކުމީހުން، ހަމަނުޖެހުންތައް ހިންގިގަޑީގައި އަޅުގަނޑު ހުންނާނީ ހުޅުމާލޭގައެވެ. ހަމަނުޖެހުން ހިންގިގުރޫޕާއެކު މާލޭގެއެއްވެސް މަގެއްގައި އެގުރޫޕު މީހުންގެ ތެރޭގައި އިސްކޮށްހުރެގެން އެއްވެސް ކަމެއް ހިނގާފައެއް ނުވާނެއެވެ. އެއީ އަޅުގަނޑު ބޮލުގައި މީހަކު ނުވަތަ ބަޔަކުމީހުން، އަޅުވައިގެންއުޅޭ ދޮގުތުހުމަތެއްކަން އަޅުގަނޑަށް ޔަގީނެވެ.

ހެކިހުރިއްޔާ ތިޔަބޭފުޅުން އަޅުގަނޑުގެ ކުރިމައްޗަށް އެހެކިތައް ގެނެސްދައްކާށެވެ. މޫވީއެއް އޮތިއްޔާ މިތަނަށް ގެނެސް ދައްކާށެވެ. ތިޔަވިދާޅުވާ ފޮޓޯއެއްވާނަމަ ގެނެސް ދައްކާށެވެ. މިޒަމާނަކީ ވަގަށްފޮޓޯ އުފައްދާ ދުވަސްވަރެކެވެ. ވީޑިޔޯއޮތިއްޔާ އަޅުގަނޑު ބަލައިލަން ދައްކާށެވެ. ސިފައިންގެ ތެރޭގައި އެހާކުޅަދާނަ އޮފިސަރުން މިހާރުތިބޭނެކަން ކަށަވަރެވެ.

މަގުމަތީގައި އަޅުގަނޑުމެންގެ ފަހަތުން ޖާސޫސުކުރަން އުޅޭ ސިފައިން ހަރަކާތުގައި ތިބެއެވެ. އަޅުގަނޑު އެދުވަހު، އެގުރޫޕްތެރޭގައި އުޅުނުކަމުގެ ހެކިދެއްކުމުންނޫނީ، އެކަމާގުޅޭގޮތުން އިތުރަށް ދަންނަވާނެ އެއްޗެއް ނެތެވެ. މިވާހަކަތައް މިދަންނަވަނީ، މިތިއްބެވި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ހެކިކޮށެވެ.

އަދި މިގޮތަށް އަޅުގަނޑަށް އެއްވެސް މިނިވަންކަމެއްނެތި އަނިޔާވެރި ގޮތަކަށް، ސާފުވައިރޯޅިއެއް ހާހިސާބު ނުޖެހޭ ބިންގަރާހެއްގެ ތެރޭގައިހުރި ގޮޅިއެއްގައި ބަންދުކޮށްފައި ބޭންދުމަކީ މުޅި އިންސާނިއްޔަތަށް ކުރަމުން ގެންދަވާ ޖާހިލީޒަމާނުގެ ވަހުޝީ އަނިޔާއެކެވެ. މިއަނިޔާތަކުން މިއަދު ސަލާމަތްކޮށް ދިނުމަށް ތިޔަ އިއްޒަތްތެރިންނަށާއި މިތިއްބެވި ސަފައިންނަށް ހަރުއަޑުން ގޮވާލަމެވެ. އަދި މިހާރުން މިހާރަށް މިނިވަން ކޮށްދިނުމަށް އިޚްލާޞްތެރިކަމާ އެކުއެދެމެވެ. އާދޭސް ދަންނަވަމެވެ.

ދެން ހަލީމް ކުރެއްވި ސުވާލަކީމިއެވެ. އިލްޔާސް ހުޅުމާލެއަށް ގެންދިޔަފެރީގެ ޑްރައިވަރު ގެނެސް ސުވާލުކޮށްފީމެވެ. އެދުވަހުގެ ފެރީން އިލްޔާސް ގެންދިކަން ހަނދާންހުރިކަމަކަށް އޭނާއެއް ނުބުނެއެވެ. މިކަމާ އިލްޔާސް ބުނުއްވާނީ ކީކޭތޯއެވެ؟ އަޅުގަނޑު ހަލީމަށާއި ތަހުގީގު ކޮމެޓީއަށް މުޚާޠަބުކޮށް ދަންނަވައިފީމެވެ. ތިޔަބޭފުޅުން، އަޅުގަނޑާއި އެފެރީގެ ޑްރައިވަރާ އެއްތަން ކޮށްދެއްވާށެވެ.

އެއީ އެދުވަހުގެ ހައެއްގައި މާލޭން ހުޅުމާލެއަށް ދިޔަފެރީއެވެ. އަދި މާލެއަށް އެނބުރިއައީ އެދުވަހު ރޭގަނޑު އަށެއްގެ ފެރީންނެވެ. މިއީ ތަފާތު ދެމީހުންތޯ ވެސް ތިބޭފުޅުންނަށް އެމްޓީސީސީއާ ގުޅުއްވައިގެން ބެއްލެވިދާނެއެވެ.

އަދި ވިޒްކޯގެ މުވައްޒަފުން އަޅުގަނޑާއި އެއްތަންކޮށް ދެއްވާށެވެ. އޭރުން އެމީހުންބުނާއެއްޗެއް އަޅުގަނޑަށް ވެސް އިވޭނެތާއެވެ. އޭރުން އެމީހުންނަށް އަޅުގަނޑަކީ ކާކުކަން އެނގިދާނެއެވެ. ގިނަމީހުން އަޅުގަނޑު ދަންނަނީ އަޅުގަނޑުގެ ނަމަކުންނޫނެވެ. އަޅުގަނޑުގެ ސޫރައާއި ޖިސްމުންނެވެ. ސިޔާސީ މީހުން، އާންމުންނަށް ދަސްވެފައި ހުންނާނީ މީހާގެ ހަށިގަޑުންނާއި ޖިސްމުންނެވެ.

ތަހުގީގުޓީމުން އަޅުގަނޑާއި އެމީހުންނާ ވީހާއަވަހަށް އެއްހާޒިރުކޮށް ދިނުމަށް ތަހުގީގުކޮމެޓީއަށް ވަރަށްގަދައަށް އިލްތިމާސްކޮށް، އަޅުގަނޑު ދަންނަވައިފީމެވެ. އަދި އޭގެއިތުރަށް ދެންނެވީމެވެ. ކުރީދުވަހުގެ ބަޔާނުގައި ވާނެފަދައިން ސަހަރާއަށް ދިޔައިމެވެ. ސަހަރާއިން އެނބުރިއައި މަގުމަތީގައި ހައިވަކަރުގެއަށް ވަދެ، ހަވީރުސައި ބޮއިގެން އަޖޫބެ ފަހަތުގައި އޭނާގެ ސައިކަލުގައި ދިޔައީ ފެރީއަށެވެ.

ދެން މިވާހަކަތައްލިޔެ ރަފްބާޔާނެއްލިޔެ އަޅުގަނޑު ލައްވާސޮއި ކުރުވުމަށް ފަހު، މިއަދަށް ނިމުނީއޭ، ހަލީމް ދެންނެވުމުން އަޅުގަނޑު ދަންނަވަންހުރި ގިނަވާހަކަތައް އެބަހުއްޓޭ ދަންނަވައި ފީމެވެ. އަދި އަޅުގަނޑުގެ އިލްތިމާސެއް މިއަދުވެސް އެބައޮތޭ ދެންނެވީމާ ކުރިޔަށް ގެންދަވާށޭ ހަލީމު ބުނުއްވައިފިއެވެ.

ދެން އަޅުގަނޑުގެ އިލްތިމާސް ފަށައިފީމެވެ. ފުރަތަމަފެށީ، މިފަދަ އަނިޔާއެއްގައި އަޅުގަނޑު ބަހައްޓައިގެން ސިފައިން ވަށައިގެންތިބެ ވަރަށްނާމާން ޖައްވެއްގައި ހިންގަމުން ގެންދިޔަ ތަހުގީގެއްގައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެކުޑަމިނުން އަޑުއެހުމަށް ނަމަވެސް ބައިތިއްބަވާ ގޮތަށް ރައީސް މައުމޫނު ހަމަޖައްސަވައި ދެއްވުމަކީ ޝުކުރު ދަންނަވަން ޖެހޭވަރުގެ ކަމެކެވެ. މިކަމާހެދި އަޅުގަނޑަށް ވަރަށް ހިތްވަރުލިބިއްޖެއެވެ.

ފަހަރުގައި ސިފައިންނަށް މިގޮތަށް ތަހުގީގުގެ މަޖިލިސް ބޮޑުކޮށްލުމުން އަޅުގަނޑު ގަންނާނީ ބިރޭހީވެފައި އޮވެދާނެއެވެ. އެހެނަސް އަޅުގަނޑަކީ ސިޔާސީ މީހަކަށް ވެފައި ރައްޔިތުންގެ މަޖިލީހަކީ އަބަދުވެސް އަޅުގަނޑުގެ ހިތްކަމަށް ބަލައިގެން އުޅޭމީހަކަށްވާތީ މިތަހުގީގުގައި މަޖިލިސްކުރާގޭގެ ބޭފުޅުން ތިއްބެވުމުން އަޅުގަނޑު ބިރެއްނުގަންނާނެ އެވެ.

ލިބިގެންދަނީ އިތުރުހިތްވަރެކެވެ. ނިޔަތާއި އަޒުމްދަނީ ވަރުގަދަވެގެންނެވެ. އިރުތަށް ބައިވަރު ވާހަކަތައް ދަންނަވާހިތް ވެއްޖެއެވެ. އަޑުއައްސަވާށެވެ. ދެން ދަންނަވަން އޮތީވަރަށް މުހިންމު ވާހަކައެކެވެ. މިއީ ވަރަށް ކަނުލައި މަޖިލިސް ކުރާގޭގެ ބޭފުޅުން އައްސަވަން ޖެހޭކަހަލަ މުހިންމު ވާހަކައެކެވެ.

މިމަހު، 8 ވަނަ ދުވަހު ހެނދުނު ޓަސްލާފައި އަޅުގަނޑު ބަހައްޓާފައި ހުންނަގޮޅީގެ ދޮރުހުޅުވާލުމަށް ފަހު، ސިފައިންގެ ދެތިން އޮފިސަރަކު ވަދެއްޖެއެވެ. އެބޭފުޅުންގެ އަތުގައި އެކިވައްތަރުގެ ބައިވަރުސާމާނު ހުއްޓެވެ. އެބޭފުޅުން ބޭނުންވެލައްވަނީ އަޅުގަނޑުގެ ގޮޅިގައި ނިދަންއޮންނަ އެނދާދިމާލުން މަތީގައި އެގޮޅީގެ އެއްކަނަށް ވާގޮތަށް ސީލިންގުގައި ވަރަށްކުޑަ ޒަމާނީ ކެމެރާއެއް ހަރުކުރާށެވެ.

ފަހުން އެނގުނު ގޮތުގައި އެއީސީސީކެމެރާއެކެވެ. މިކެމެރާއަކީ، ވަރަށް ސޮފިސްޓިކޭޓަޑް އަދި އެހާމެސައިޒުންކުޑަ ރޭގަނޑުގެ އަނދިރީގައާއި ދުވާލުގެ އަލީގައި ސާފުކޮށް ހުރިހާމަންޒަރެއް އެކިދމާއަށް އަނބުރައިގެން ބެލޭފެންވަރުގެ މޮޅުކެމެރާއެކެވެ. މިކެމެރާ އިންނަނީ ކުޑަކުޑަބިއްލޫރި ބޯތައްޓެއްގެ ތެރޭގައި ކޮންޓްރޯލް ރޫމުން ބޭނުންވާ ގޮތަކަށް ބޮޑުކޮށް ކުޑަކޮށް ހުރިހާދިމާއަކަށް އެޖެސްޓްކޮށް، އަނބުރާހެދޭ ގޮތަށެވެ. މިކެމެރާއަށް ވާހުރިހާގޮތެއް ވަރަށްކައިރިން ސަމާލުކަން ދީގެން އަޅުގަނޑު ދިރާސާކޮށް ބަލާހެދީމެވެ.

އަދި އެބޭފުޅުން ޓެސްޓަށް އެކިގޮތްގޮތަށް ކުރިހުރިހާކަމެއް ވަރަށްސަމާލުކަން ދީގެންބަލާއި އެބޭފުޅުން ދައްކަމުން ގެންދިޔަ ހުރިހާވާހަކަ ތަކަކަށް ކަނުލައި އަޑުއެހީމެވެ. އަޅުގަނޑަކީ އެފަންނުގެ މީހަކަށް ނުވިޔަސް އެކުރަމުން ގެންދާކަންތަކާއި ވަމުންއެދާ ގޮތްތައް ދެނެގަނެވޭވަރުގެ މީހެކެވެ. ބިއްލޫރި މިބޯތަށި އިންނަނީ ސީލިންގުގައި ބުޑަކާއެކު ހަރުކޮށްފައެވެ. ސީލިންމަތިން މިއަށްގުޅާނަރު ގެންގޮސް ހަދާފައެވެ.

މިއޮފިސަރުންތައް އަޅުގަނޑު ކައިރީގައި މާގިނަވާހަކައެއް ނުދައްކާ އަޅުގަނޑުގެ ގޮޅީގެ ކުރިމަތީގައިހުރި އަނެއް ވީއައިޕީީގޮޅީގެ ދޮރުހުޅުވާލުމަށް ފަހު، ދޮރުމައްޗަށްވާ ގޮތަށް އާދައިގެ ޕްލާސްޓިކް ގޮނޑިއެއް ގެނެސް ބަހައްޓާފައި އެގޮނޑީގައި އިށީދެ އިނުމަށް އަޅުގަނޑަށް އަމުރުކުރީމާ، އެގޮނޑީގައި އަޅުގަނޑު އިށީދެއިނީއެވެ.

ދެން މިމީހުން ކުރަމުން ގެންދިޔަ މަސައްކަތް ބަލާދިރާސާ ކުރަން މަޑުމަޑުން އެގޮނޑީގައި އިނީއެވެ. ވީވަރަކުން އަޅުގަނޑު އިންގޮނޑި އެމީހުންގެ އަމަލުތަށްފެނި، ވާހަކަތައް އަޑުއިވޭ ހިސާބަށް، އެމީހުންނާ ގާތަށް އަޅުގަނޑު އިށީދެގެން އިންގޮނޑި، އަޅުގަނޑުގެ ގޮޅިއާދިމާއަށް ޖައްސަމުން ގެންދިޔައިމެވެ. މިކެމެރާއާއި ކޮންޓްރޯލްރޫމައި ދެމެދުނަރެއް އެޅުމާއި މިހުރިހާމަކެއްގެ މަސައްކަތް ވަރަށްބާރަށް މިބޭފުޅުން ފަށައިގެން ކުރިއަށް ގެންދާތަން، ސަމާލުކަންދީގެން ބެލުމަށް އެގޮނޑީގައި މަޑުން އިނީމެވެ.

މިގޮތަށް މިގޮނޑީގައި މިއޮފިސަރުންގެ މަސައްކަތް ބަލަންށާއި ދައްކަމުނެ ގެންދިޔަ ވާހަކަތައް އަޑުއެހުމަށް އިންއިރު އަޅުގަނޑުގެހިތަށް ބައިވަރު އެއްޗެހި އަރާއި ފައިބަމުން، ދައުރުވަމުން ދިޔައެވެ. ގޮޅިތެރޭގައި އަޅުގަނޑުގެ ހުރިހާހަރަކާތެއް ރެކޯޑްކުރުމުގެ ބޭނުމުގައި ރާވައިގެން ހިންގާކަމެއްކަން ސާފުކޮށް އެނގުނެވެ. ހަރަކާތްތައް ރެކޯޑްކޮށް ބެލުނަސް އަޅުގަނޑުގެ ހިތަށާއި ސިކުނޑިއަށް އަރާއެއްޗެއް ކިތަންމެމޮޅަސް ނުހޯދޭނެއެވެ. އެއީ ސިފައިންނަށް ކުރެވޭނެ ކަމެއް ނޫނެވެ.

ސިފައިންނަށް މިކެމެރާއިން އަޅުގަނޑުގެ ހަރަކާތްތައް ސައުވީސްގަޑިއިރު ބަލާއި ރެކޯޑްކުރަމުން ގެންދެވިދާނެއެވެ. އެއީ އަޅުގަނޑު ޝައްކުކުރާ ކަމެއްނޫނެވެ. އަދިވެސް ތިޔަބޭފުޅުންގެ މައުލޫމާތައްޓްކާ ދަންނަވަމެވެ! އަޅުގަނޑަށް ޕާކިސްތާނުންނާއި އެހެނިހެން ތަންތަނުން މައުލޫމާތު ލިބިފައިވާގޮތުގައި ދުނިޔޭގެ އެއްވެސްޖަލެއްގައި، ގައިދީން ނިދަންހުންނަ އެނދާދިމާމަތީގައި ކެމެރާހަރުކޮށްގެން ގައިދީންގެ ސަލާމަތީކަންތައް ބެލެހެއްޓުމުގެ މަސައްކަތް އިންތިޒާމްކޮށްފައެއް ނުހުރެއެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި މީހާނިދާއެނދު ފެންނަގޮތަށް އެނދާދިމާއިން މަތީގައި ކެމެރާއެއް ފެންނަން ހުންނަގޮތަށް ހަރުކޮށްފައެއް ނުހުރެއެވެ. ކުށްވެރިން ބަންދުކޮށްފައި ތިބޭތަންތަނުގެ ބޭރު ވަށައިގެން ފެންނަގޮތަށް ކެމެރާތައް ހަރުކޮށްފައި ހުރެއެވެ. މިގައުމުގައި ބޮޑުޚަރަދު ކޮށްގެން ކޮންމެކަމެއް ވެސް މިކުރަނީ އެކަމެއް އޮންނަގޮތާ މުޅިން ޚިލާފަށެވެ.

އަޅުގަނޑުގެ ސަލާމަތްތެރި ކަމަށޭކިޔާފައި އަޅުގަނޑު ބެލެހެއްޓުމުގެ ގޮތުން އަޅުގަނޑު ނިދަންއޮންނަ މަންޒަރު ރެކޯޑްކޮށް މޮނިޓަރކޮށް ހަދާކަށް ނުޖެހެއެވެ. އަދި އެމަންޒަރުތައް އެތައްޑިއުޓީއަކަށް ފެންނާކަށް ނުޖެހެއެވެ. އަންހެނެއް މިގޮޅިއަށް ލައިފިއްޔާ އޮފިސަރު ކަލޭގެއަށް ދަންވަރު ބަލަން އިންނައިރު ވާނެގޮތެއް އަޅޭބުނެދެއްވާށެވެ. ތިޔަބޭފުޅުން ނެޓަށް ވަންނަވައިގެން މިހާރުބެއްލެވިއަސް މިގޮތަށް ގޮޅިތެރޭގައި ކެމެރާހަރުކޮށްފައި ހުރިއެއްވެސް ޖަލެއް ހުންނާނެހެނެއް ހިއެއްނުވެއެވެ. މިހާރުބައްލަވާށެވެ!

ކުށްވެރިން ނިދަންއޮންނަ މަންޒަރުފާޅުގައި ރެކޯޑްކޮށް އެކަންކުރާ އޮފިސަރުން އެމަންޒަރުތައް ބަލާއި މަޖާނަގާއި ހީހަދާޖަލަކީ، މާލޭގެ މިޖަލުކަން ފުރަތަމަ ފަހަރަށް ހަމަގައިމުވެސް އަޅުގަނޑަށް މިއެނގުނީ ސިފައިން މިކަން ކުރުމުންނެވެ.

އަޅުގަނޑު މިހުންނަގޮޅީގައި ސިފައިން އެކަންއެބަކުރެއެވެ. ތިޔަބޭފުޅުން ވަޑައިގެން ބައްލަވާށެވެ! ބައިނަލް އަގްވާމީ ފެންވަރުގައިވެސް މިއީ އިންސާނިއްޔަތާ ޚީލާފުޢަމަލަކަށް ވާނެއެވެ. މިއީ އިންސާނީ ކަރާމަތާ މުޅިން ޚިލާފުކަމެކެވެ. އިންސާނާ ނިދުމަށްފަހު އިންސާނާގެ އަތްނިދާނީ ކޮންހިސާބެއްގައި ކަމެއް އެނގޭނެ އެކަކުވެސް ނުހުންނާނެއެވެ. އިންސާނާ ނިދުމަށް ފަހު، އޭނާގެދެއަތް އެކިގޮތްގޮތަށް ހަށިގަނޑުގެ އެކިހިސާބުގައި އެނބުރިހަދާނެތީ، ﷲގެ ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ، މިފަދައިންނެވެ.

“ކޮންމެމީހަކުވެސް ނިދާހޭލުމަށް ފަހު، ފުރަތަމަ ދެއަތްދޮންނާށެވެ.”

އިސްލާމުންނަށް އަމުރު ކުރައްވާފައިވަނީ، ނިދާހޭލައިގެން ދެއަތް ދޮވުމަށް ފަހު، އެހެން ކަންތައް ކުރަން ފެށުމަށެވެ. މިއީ އަޅުގަނޑު އަމިއްލައަށް ހަދާލައިގެން ބުނާވާހަކައެއް ނޫނެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. އަޅުގަނޑު ދެކެފައިހުރި ތަންނާގައި ސެކިއުރިޓީގޮތުން ކެމެރާހަރުކޮށްފައި ހުންނަނީ އެމީހާހުންނަ ގޮޅީގެ ވަށައިގެން ދޮރާއިބޭރުގެ ފާރުތައް ފެންނަގޮތަށެވެ. އޭރުން ފިލަންއުޅުނަސް، އަދި އެހެންކަމެއް ކުރިޔަސް ރެކޯޑްކުރެވިފައި ހުންނާނެއެވެ. ބަލަންތިބިއްޔާ ހުންނާނީ ވަގުތުން ފެންނާށެވެ. އަޅަންޖެހޭ ފިޔަވަޅެއް ބަރާބަރަށް އަވަހަށް އެޅޭނެއެވެ.

އަޅުގަނޑަށް ހީވަނީ އަޅުގަނޑާއެކު ބަންދުކޮށްފައިތިބި އަންހެންކުދިންގެ ގޮޅިތަކުގައި ވެސް މިޒާތުގެކެމެރާތައް ހަރުކުރިހެންނެވެ. އޭރުން ހަމަގައިމުވެސް ކޮންޓްރޯލް ރޫމަށް ރޭގަނޑުގެ ޑިއުޓީއަށް ދާނެއޮފިސަރުން ގިނަވާނެތާއެވެ. އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުން ބްލެކުމޭލް ކުރަންބޭނުންނަމަ މިކެމެރާތައް އަޅުގަނޑު މެންނަށް ނުފެންނަގޮތަށް ފޮރުވައިގެން ބޭނުންވާ އޭންގަލެއް ފެންނަހެން ހަރުކުރެއްވިނަމަ މާރިތިވީހެވެ.

އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޕާކިސްތާނުގައި ޒުލްފިގާރު އަލީބުއްޓޫގެ ބޮޑުވަޒީރުކަމުގެ ޒަމާނުގައި މެދުއިރުމަތިން މަތީފެންވަރުގެ ބަޔަކުގެނެސްގެން ޕާކިސްތާނުގައި ބޭއްވި ވަރަށްމަތީ ފެންވަރުގެ ކޮންފަރެންސެއް ތެރޭގައި އެބޭފުޅުން ތިއްބަވާޚާއްސަ ކޮޓަރިކޮޅުތަކުގައި މިފާޑުގެ ކުދިކެމެރާތައް ސިއްރުގޮތަކަށް ފޮރުވިފައި ހުންނަގޮތަށް ހަރުކޮށްގެން އެކޮޓަރިތަކުގައި ރޭގަނޑާއި ދުވާލު އެކިގޮތްގޮތަށް ހިންގިފައިހުރި މަންޒަރުތައް ބޭނުންކޮށްގެން އެބޭފުޅުން ބްލެކުމޭލްކޮށް ހަދައިފައި ވެއެވެ. އަދި މިކަން ފަޅާއަރައިގެން ބޮޑުކަންތައް ގަނޑަކަށް ވެގެންއުޅެން ޖެހިފައިވެއެވެ.

މިއުޅެނީ އަޅުގަނޑުގެ ބޯމަތީގައި ކެމެރާއެއް ހަރުކުރުމަކީ، އަޅުގަނޑު ބުލެކުމޭލް ކުރަންކުރިކަމެކޭ އެއްގޮތަކަށް ވެސް ދަންނަވާކަށް ނޫނެވެ. އެހެނަސް މިކަހަލަ ބޭކާރުކަމެއް ތާކުންތާކު ނުޖެހޭގޮތަށް ސިފައިން ކުރުމުގެ ބޭނުމަކީ ކޮބައިކަން އަޅުގަނޑު އުޅެއުޅެވެސް އޮޅުންފިލާގޮތް ނުވީމާ، މަޖިލިސް ކުރާގޭގެ ބޭފުޅުންނަށް މިވާހަކަތައް މިހާތަފްސީލުކޮށް ދަންނަވަން ބޭނުންވީއެވެ.

އަދި މިތާމިތިއްބެވި ސިފައިންނަށް އިއްވާލަން ބޭނުންވީއެވެ. ތަހުގީގުކޮމެޓީން ތިޔަބޭފުޅުން މިކަމާ ވިސްނަވާލެއްވުން އެދެމެވެ. އަދި އެހެންރައްޓެހި އިއްޒަތްތެރި މެންބަރުންނަށް މިވާހަކަތައް ވިދާޅުވެދެއްވުމަށް އަޅުގަނޑު ގޮވާލާއި އިލްތިމާސް ކުރަމެވެ.

އޭ! އަޅުގަނޑުގެއަޚު އެކުވެރި ހިޔަލީއެވެ! ދެންވެސް ތިއްބެވި ބޭފުޅުންނޭވެ! މިވާހަކަތައް ހަނދާނުގައި ބަހައްޓަވާށެވެ! އަޅުގަނޑު މިނިވަންވި ދުވަހަކުން އަޅުގަނޑު މިއަދު މިދައްކާވާހަކަތައް ހަދުމަފުޅުހުރިތޯ އަދި އެހެންމީހުންނަށް ބުނެދެއްވިންތޯ ސުވާލު ކުރާނަމެވެ.

އަދިވެސް އަޑުއައްސަވާލަ ދެއްވުންއެދެމެވެ. އަޅުގަނޑުގެ މިއިލްތިމާސުގައި ދަންނަވާލަންޖެހޭ އެހެންވާހަކައެއް އެބައޮތެވެ. އަދި މީގެދެދުވަހެއް ކުރިން، އަޅުގަނޑު ބަންދުކޮށްފައި ހުންނަގޮޅީގެ ދޮރުފަތުގައި ހަރުކޮށްފައިހުރި ބިއްލޫރިކޮޅުގައި ބޭރުން ކަރުދާސް ތަތްކޮށް އެއްގޮތަކަށް ވެސް ބޭރުނުފެންނަ ގޮތަށް ހަދައިފިއެވެ.

މިކަމަކީވެސް ސިފައިން އަޅުގަނޑަށް ކުރަމުން ގެންދާ ނަފްސާނީ އަނިޔާތަކުގެ މައްޗަށް، އިތުރަށްކުރި ނާތަހުޒީބު އަނިޔާއެކެވެ. މިބިއްލޫރިކޮޅުން ބޭރުފެންނާތީ ވަރަށްހިތްހަމަ ޖެހެއެވެ. ހިތަށްފިނިކަމެއް ވަދެއެވެ. ބޭރުގޮޅިތަކުގައި ވާނުވާސާފުވެއެވެ. ލޮލަށް ބައިވަރު މަންޒަރުތައް ފެނެއެވެ. އަދި ގާޑަށްހުންނަ މީހާއަށް އަޅުގަނޑުގެ ހަރަކާތްތައް ފަސޭހަކަމާއެކު ބަލާލައި ހެދެއެވެ. ސީސީކެމެރާއަކުން ބެލުމަށް ވުރެ މާރަނގަޅަށް ބެލެހެއްޓޭނެއެވެ.

އެހެނަސް މިހާރު އަޅުގަނޑު ބަލަހައްޓަމުން ގެންދަނީ އެނދާދިމާއަށް މަތީގައި ހަރުކޮށްފައިހުރި ކެމެރާއެއްގެ ޒަރީއާއިން މާދުރުގައި ތިބޭބައެކެވެ. އަޅުގަނޑަށް ތާޒާވައިރޯޅިއެއް ނުލިބޭތާނގައި މިހާރު، އަޅުގަނޑުގެ ދެލޯބަނދެ އަނދިރިކޮށް ލީއެވެ. ވަށާހުންނަ ކޮންކުރީޓު ހަތަރުފާރު ތެގޭގައި އަޅުގަނޑު މުޅިންބަންދުވެ ނިމުނީއެވެ. މިއޮއްގެން މީހާ ހަފުސްވެ ދަނީއެވެ. އިންސާނަކު ހަލާކުކޮށް ލަނީއެވެ.

މިއީ އިންސާނަކަށް، ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ދެވޭވަރަށް ބޮޑުއަނިޔާއެކެވެ. މިކަންތައް އިހްސާސްކުރެވޭނީ ތިޔަބޭފުޅުން މިކަމާފިކުރުކޮށް ވިސްނާލެއްވީ މައެވެ. އެހެންނޫނީ މިގޮތަށް މިކަހަލަ ގޮޅިއެއްގައި އޮންނަންޖެހޭ ދުވަހަކުންނެވެ. އެހެންނޫނީ މިފަދަކަންތަކަކީ ތަޞައްވަރު ކުރެއްވޭނޭ ކަންތަކެއްނޫނެވެ. މިވާހަކަތައް އަސަރާއެކު، ތަހުގީގުކޮމެޓީއަށް މިކިޔައިދެނީ، އަޅުގަނޑަށް ލިބެމުންމިދާ އަނިޔާތަކުން ވީހާއަވަހަށް ސަލާމަތްކޮށް ދިނުމުގެ ބޭނުމުގައެވެ. މިއަދުވެސް ހަލީމުގެ އަރިހުންނާއި ހިޔަލީމެންގެ އަރިހުން މިއަނިޔާއިން ވީހާއަވަހަށް މިނިވަންކޮށް ދިނުމަށް ތަކުރާރުކޮށް އެދުނީމެވެ.

ހިޔަލީމެން ތިއްބެވީ ވަރަށްއަސަރުކޮށް ފައެވެ. ދެރަވެފައި ތިއްބެވިހެން ހީވެއެވެ. އެހެނަސް އެބޭފުޅުން އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވެއެވެ. އަޅުގަނޑުގެ އަސަރުގަދަ ވާހަކަތައް އަޑުއައްސަވަން މަޑުންތިއްބެވީއެވެ. އަޅުގަނޑުގެ އިލްތިމާސް ނިންމާލުމުން ހަލީމް ވިދާޅުވިއެވެ. މަތީފަރާތުގައި ތިޔަވާހަކަތައް ދަންނަވާނަމެވެ. ހަލީމު، މަތީފަރާތޭ ދެންނެވުމުން އަޅުގަނޑު ގާތަށް ރުޅިއައިސް ތަންކޮޅެއްބާރަށް ބުނެވުނެވެ. އަޅުގަނޑު އެއްޗެކޭ ހަމަ ދަންނަވާއިރަށް، ތިޔަވިދާޅުވަނީ، މަތީފަރާތުގައި ދަންނަވާނެ ވާހަކައެވެ.

މިވާހަކަތައް އަޅުގަނޑު އިއްވަން ބޭނުންވަނީ، ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށެވެ. ތިޔަ ވިދާޅުވަނީކޮން މަތީފަރާތެއްގެ ވާހަކަތޯއެވެ! ކޮންމަތީ ފަރާތެއްތޯއެވެ؟ ހަލީމް ތިޔަވިދާޅުވާ ސިފައިންގެ މަތީފަރާތް ރަނގަޅަށް އަޅުގަނޑު ދަންނަމެވެ.

މީގެ، 13 އަހަރުކުރިން މިތަނަށް ގެނައިފަހަރު، މޯރާތައުފީގުމެން ތިޔަފާޑުގެ ވާހަކަތައް ދައްކަވަން ފެށުމުން ތިޔަވިދާޅުވާ މަތީފަރާތާ ބައްދަލު ކުރަންބޭނުމޭ، ބައްދަލުކޮށްދޭށޭ ދެންނެވުމުން، މަތީފަރާތުގެ ދަރުބާރަށް އެއްރެއަކު އަޅުގަނޑު ހާޒިރުކުރިއެވެ. އެރޭއޭނާ އިންނެވީ އޭނާގެ މަތީފެންވަރުގެ ކޮޓަރިކޮޅުގައެވެ. މަތިވެފައެވެ. މަތީފެންވަރުގެ ބޮޑުމޭޒެއްގެ ކައިރީގައިހުރި ބޮޑުގޮނޑިއެއް ގައެވެ. އަޅުގަނޑު ގެންގޮސް އޭނާގެ ކުރިމަތީގައި ހުރިގޮނޑީގައި ބޭންދިއިރު އޭނާއިންނެވީ ކަނައަތުގެ ޝަހާދަތު އިނގިލީގައި ހިލައިން ހަދާފައިވާ، ޢަރަބިން ގެންގުޅޭވައްތަރުގެ ތަސްބީޙައެއް އަނބުރާލަ އަނބުރާލައެވެ.

އަޅުގަނޑާ މުޚާޠަބު ކުރެއްވީ އެގޮތަށް އިންނަވައިގެން ގޮނޑި ވެސް އަނބުރައް ވަމުންނެވެ. ކުރިމަތީގައި ކިޔަންއިންނެވި، ފޮތްބަންޑުން ބާއްވާފައި އޮތެވެ. އެފޮތުގައި ލިޔެފައިހުރީ އިނގިރޭސި ބަހުންނެވެ. މަތީފަރާތުން، ތިޔަ ވިދާޅުވާ އަޅުގަނޑާ ދެއްކެވީ ބޭކާރުވާހަކަ ތަކެކެވެ. މަތީވެރިޔާއަށް އެއްވެސް އެއްޗެއް އެނގޭކަމަކަށް ނުވިއެވެ. މުޅިންވެސް މަތީފަރާތަށް ނޭނގިހިނގާ ކަންތަކެވެ!  އެބުނެވޭ ގޮތުން އޮފިސަރުން އަމިއްލައަށް ހިންގާ ގާނޫނުން ބޭރުކަންތަކެވެ. ދަންނަވަންތޯއެވެ. އެއީ އަޅުގަނޑު ވަރަށް ރަނގަލަށް ދަންނަ މީހެކޭ ދެންނެވީމެވެ. އަތަމާގޭ ތެރޭގައި އަޅުގަނޑުވެސް އެގޭ އަންހެން ބޭފުޅުންނާއެކު ރަހްމަތްތެރިކޮށް އުޅުނުއިރު، ތިޔަމަތީފަރާތަށް ކިޔާއުޅުނީ، އާދަންބެ އޭ ދެންނެވީމެވެ.

ތިޔަމަތީ ފަރާތަށް މިހާރު އަޅުގަނޑާ ބައްދަލުކުރާކަށް ނުކެރޭނެއެވެ. ލަދުގަންނާނެއެވެ. އަޅުގަނޑުގެ ކަންތަކާ ތިޔަކޮމެޓީން ވަރަށްބޮޑަށް ވިސްނެވުން އެދެމެވެ! ޚާއްސަކޮށް މަޖިލީހުގެ އިއްޒަތްތެރި މެންބަރުން މިކަމާމެދު ވިސްނެވުމަށް ފަހު، އަޅުގަނޑަށް ސިފައިން ކުރަމުން މިގެންދާ އަނިޔާތަކުން ވީހާއަވަހަށް ސަލާމަތްކޮށް ދެއްވުން އެދެމެވެ. ބިންގަރާހުގެ މިއަނިޔާތަކުގައި އަޅުގަނޑު ހޭދަކުރަމުން މިގެންދާއިރު ބައެއްފަހަރު އެނދުންތެދުވާ ވަގުތު އަރިއަޅާލައިގެން ވެއްޓޭގޮތް ވެއެވެ. މުޅި ހަށިގަނޑު ހުންނަނީ ތާޒާކަން ގެއްލި އެނބުރުން އަރާފައެވެ. ތާޒާވައި ނުލިބި ބްލޯވަރަކުން ބޭރުންވައްދާ ވައިން މިހެންވަނީއެވެ.

ދޫނިދޫގެ ކުދިގޮޅިތަކަށްވުރެ ބިންގަރާހުގެ މިގޮޅީގެ އަނިޔާމާބޮޑުވެފައި ކުރާއަސަރު ގަދައެވެ. އަސަރުކުރަނީ ސީދާ އެތެރެހައްޓަށެވެ. ނޭވާލާޒިޒާމަށެވެ. ފުއްޕާމެއަށެވެ. ސީދާހިރަފުސް ވަންނަ ފަހަރުވެސް އާދެއެވެ. ވައިހުންނަނީ، ތަޣައްޔަރު ވެފައެވެ. އެކިވަސް އެކިފަހަރު ހުރެއެވެ. އެހިސާބުމަގުމައްޗަށް އަންނަ ހުރިހާ ބަދަލެއް އެގޮޅީތެރެއަށް އާދެއެވެ. އޭ! ބޭފުޅުންނޭވެ! އަޅުގަނޑުގެ ހައްގުތައް ވީހާއަވަހަސް އަޅުގަނޑަށް ލިބޭނެގޮތް ހައްދަވައި ދެއްވާށެވެ.

އަންހެނުންނާއި ކުދިންގެ ހާލުއަންގައި ދެއްވާށޭވެ. މިކަންތައް ނުވަންޏާ، މިއަނިޔާގައި ތިޔަބޭފުޅުން ވެސް ބައިވެރިވަނީއެވެ. އަވަހަށް ދޫކޮށްލަ ދެއްވުމަށް، އަހުރެންކުރި ކުށެއްނެތެވެ. ނުދެއްކެއެވެ. މިވާހަކަތައް ނިންމާލަމުން އާދޭސް ދެންނެވީމެވެ. ހެއްކެއް ގަރީނާއެއް ނެތިބަހައްޓައިގެން ނުވާނެކަމަށް ދަންނަވައި މިއަދުގެ ވާހަކަކޮޅު ނިންމާލީއެވެ. މިއަދު މިކަންތައް ނިމިގެން ގޮޅިއަށް ގެންދެވުނީ ވަރަށް ފަހުންނެވެ.

ތިބީ ވެލާނާގޭ ގުދަނުގައި ބައިތިއްބާފައެވެ. މިތާނގައި ގުދަނުގައި ބައިންދާފައި އިންކުއްޖެއްގެ ފަރާތުން މިއަންނަ، 17 ވާހުކުރު ދުވަހު ރިޔާސީ އިންތިޚާބުގެ ފެންނަނުފެންނަ އާންމުވޯޓުލުން މުޅިރާއްޖޭގައި އޮންނާނެކަން އެނގުނެވެ. މިސޮރަކީ ދޫނިދޫން ގެނައިކުއްޖެކެވެ. އެދުވަހު މާލެތެރޭގައި ނުލަފާއެރުވި ޕާޓޭންގެ ސޮރެކެވެ. ގޮޅިއަށް ވަންނަމުން ވެސް ދޮރުފަތުގައިހުރި ބިއްލޫރިކޮޅުގައި ތަތްކޮށްފައި ހުރިކަރުދާސް ގަނޑުގެ ތިރީކަނުން، ނުކުންނަމުން އުތުވާލާއި ހިއްލައިލި ކަން، އިތުރަށް އުތުވާލާއި ބޭރު ފެންނަވަރަށް ކަރުދާސްގަނޑުގެ އެކަން ހާމަކޮށްލީމެވެ.

ގޮޅިއަށްވަދެ ހަމަޖެހިލައިގެން ކަރުދާސްގަނޑު އުތުވާލިކަނުން ބަލައިލިއިރު ރީތިކޮށް ބޭރުފެނެއެވެ. ކާމިޔާބުކަމެއް ކޮށްލެވުނީއެވެ. އެކަމަކު މިތަންކޮޅުން ބޭރުބަލަންޖެހެނީ ކޮޓަރީގައި އިންކެމެރާއިން ބޭރުބަލަނީކަން ނާންގައެވެ. ހަދާގޮތަކީ، ކިޔެވުމަށް ދޮރުފަތް ކައިރީގައި ހުންނަނީ ކަމަށް ހެދިގެން ބޭރުބަލަނީއެވެ. މިއީލޮލަށް އުނދަގުވާ ކަމެކެވެ. އެހެނަސް ބޭރު ނުބަލައެއް ނުހުރެވެއެވެ.

13 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 23 ވަނަ ދުވަހެވެ. މިއަދު މިބަޔަށް ބިންގަރާހުގެ ގޮޅިއަކަށް ބިދޭސީއަކު ގެނެސް ވެއްދިއެވެ. ކުޑައިރުކޮޅަކަށެވެ. ބޮޑަށްވައްތަރީ އިންޑިޔާދަރިކޮޅުގެ ވިޔަފާރި ވެރިއަކަށެވެ. އޭނާއާ ވާހަކަ ދައްކާލުމުންބުނީ، ތިމަންނާއަށް ކިޔަނީ، މިސްޓަރ ބަދަވަލް ކަމަށެވެ. ގެނެސްގެން މިއުޅެނީ، ފައިސާތަކެއްގެ މައްސަލައެއްގައި ކަމަށް ބުންޏެވެ. އޭނާ މާގިނަވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެނަސް ގެންދިއުމުގެ ކުރިން، ރާއްޖޭގައި އޭނާބޭނުންކުރާ ފޯންނަންބަރު އަޅުގަނޑަށް އިޝާރާތުން ދިނެވެ. އެއީ، 7775839 މިނަމްބަރެވެ.

14 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 24 ވަނަ ދުވަހެވެ. މިއަދު ވަކިޚާއްސަކަމެއް ނެތެވެ.

15 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 25 ވަނަ ދުވަހެވެ. އާދައިގެ މަތިން ކެއުމާއި ނަމާދުކުރުމާއި ދުޢާކުރުމާއި ގުރުއާން ކިޔެވުން ނޫންކަމެއް ނެތެވެ.

16 އޮކްޓޯބަރ 2003 ވިބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 26 ވަނަ ދުވަހެވެ. ރޭގެނިދީގައި އޮއްވާފެނުނު ހުފަނެއްގެ ވާހަކަލިޔެ ލާނަމެވެ. ފެންނަނީ، ކޮންކުރީޓު މަސައްކަތް ނިމިފައިހުރި، 6 ބުރީގެ ޢިމާރާތެއްގެ އެންމެމަތީބުރިން އަޅުގަނޑަށް ނުފޭބިގެން އުޅެނިކޮށެވެ. އަޅުގަނޑު އަތުގައި އެފަދަތާކުން ފޭބުމަށް ބޭނުންކުރާނެ ހުރިހާސާމާނެއް ހުއްޓެވެ. ސިފައިން ބޭނުންކުރާޒަތުގެ ދެވަލަކާއި ކައްޕިއެއް ވެސް އޮތެވެ.

މިޓުރޭނިންގ އަކީ އަޅުގަނޑު ފަރިތަޓުރޭނިންގ އެކެވެ. ޕާކިސްތާނުގައި ހުރިއިރު ހަދާފައިވާ ތަމްރީނެކެވެ. އަޅުގަނޑު އުޅެނީ އެއްކަމަކަށް ފަހު، އަނެއްކަމެއް ނުކުރެވިގެން ނުފޭބިގެންނެވެ. އަޅުގަނޑާއެކު އެޢިމާރާތުގެ މަތީގައި ތިބީ ތިއްތަގެ، މުހަމްމަދު ޢާމިރު (އާންކޮ) އާއި އެހެންކުއްޖެެކެވެ. އާންކޮގެ ފްރެންޑެކެވެ. އާންކޮއާއި އެކުއްޖާ ވަރަށް އަވަސްކަމާއެކު ރީތިކޮށް ފައިބައިފިއެވެ. އަޅުގަނޑު މަސައްކަތް ކުރަމުން ގެންދަނީ ފޭބޭތޯއެވެ. އެހެނަސް ކޮންމެވެސް ކަމެއްނުކުރެވިގެން ފޭބޭނެގޮތެއް ނުވެއެވެ.

އާންކޮ ފައިބަން ހެދިގޮތަކީ ރީތިކޮށް ފުންމާލީއެވެ. އެއްވެސް ގެންލުމެއްނުވެ މޭޒެއްގެ މަތިންފުންމާލިހެން އޭނާ، މިކަންކޮށް ލައިފިއެވެ. އާންކޮގެ ފްރެންޑްވެސް ހެދީއެހެންނެވެ. އެހެނަސް އަޅުގަނޑަށް ފުންމާލާކަށް ނުކެރެއެވެ. ވާބޭނުންކޮށްގެން އުޅެއުޅެވެސް ފޭބޭނެގޮތެއް ނުވިއެވެ. މިޢިމާރާތުގެ ތިރީގައި އަޅުގަނޑުގެ އިންތިޒާރުގައި އަތަމާގޭ އިސްމާޢީލް އަބްދުއްލަޠީފް (މާލު) އާއި އޭނާގެބައްޕަ އަތަމާ އަބްދުއްލަތީފް ހުންނެވިއެވެ. އަދި އަޅުގަނޑުގެ ލޮބުވެތި މާމައާއި ބައްޕަވެސް ތިރީގައި އަޅުގަނޑުގެ އިސްތިގްބާލުގައި އުފަލާއެކު ތިއްބެވިއެވެ. ދެން ހޭލެވުނީވެސް ނުފޭބިއުޅެނިކޮށެވެ.

މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ، އަދިވެސް މިތަހުގީގުގައި ކުޑަދުވަސްކޮޅެއް ނަގާނެކަމަށެވެ. ހުރަސްތަކެއް ހުރުމުން ނުނިމިގެން އުޅެނީއެވެ. މިހުރަސްތަކާ ވަރަށްކެރިގެން ކުރިމަތިލާން ޖެހޭނެކަމެވެ. އެހެނަސް ހުވަފެނުގައި އިސްތިގްބާލުގައި ތިއްބެވި މީހުންނާ ބައްދަލުވާނެކަމުގެ އުންމީދު އޮތްލެއް ބޮޑުކަމުގެ މާނައަކީ މިތަހުގީގުން ޝަރީޢަތަކާ ހަމައަށް ނުގޮސް ސަލާމަތްވާނެ ކަމެވެ.

ދުނިޔެ ދޫކުރައްވާފައިވާ ލޮބުވެތި ބައްޕައާއިމާމަ އުފާވެރިކަމާއެކު އަޅުގަނޑުގެ އިސްތިގްބާލުގައި ތިއްބަވާތަން ފެނުމުން އިންތިހާއަށް އުފާވެރިކަން ލިބުނެވެ. މިހުވަފެނާމެދު މިއަދު ވަރަށްގިނައިން ވިސްނީމެވެ. އަދި ދެން އޮންނަ ތަހުގީގެއްގައި އަޅުގަނޑަށް ކެތްތެރިކަން ދެއްވުންއެދި ދުޢާކުރީމެވެ.

17 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 27 ވަނަ ދުވަހެވެ. މިއަދަކީ މުޅިރާއްޖޭގައި ރައީސް މައުމޫނަށް ފެންނަނުފެންނަ ކަމުގެ އާންމު ވޯޓުލުން އޮންނަދުވަހެވެ. މުޅިމަޖިލިސް އިއްތިފާގުވި ގޮތަށް މުޅިރާއްޖެއިން ވެސް މަތީޕަސަންޓެއް ލިބޭނެއެވެ.

މިއީ ރާއްޖޭގައި މިކަހަލަ ކަންތައް ރޭވިފައި އޮންނަގޮތެވެ. ގައުމުގައި ހަލަބޮލިކޮށް ސިޔާސީ ކަންތައްގަނޑެއް ހިންގާފަހަރަކު ވިއްޔާ މާގިނަ ވޯޓުހޯއްދަވައެވެ. މިފަހަރު ރައްޔިތުންގެ މަޖިލީހުގައި ނެގިވޯޓުން، އިއްތިފާގު ހޯއްދެވީމާ އަޅުގަނޑު އަޖައިބުވީމެވެ. މުހަންމަދު ޝިހާބުމެން، ހަސަންއަފީފުމެން، މޮޑީމެން، އިބްރާހީމް މުހަންމަދު ސޯލިހުމެންގެ ވޯޓުވެސް ވަރަށް ފަސޭހައިން ކާމިޔާބު ކުރެއްވިއެވެ. މަޖިލީހުގެ މެމްބަރުން މިޝަރީއަތްއަޑުއެހުމަށް ފުރުސަތުދީގެން ރައީސްމައުމޫނު ކުޅުއްވި ސިޔާސީ ކުޅިގަނޑުގެ ނަތީޖާހޯއްދެވިލެއް ކިތަންމެހާވެ މޮޅުވެފައި ރީއްޗެވެ. އަނެއްކާވެސް ވެރިކަމުގެ ދައުރެއް ސިޔާސީ ކުޅިގަނޑެއްކުޅެލައިގެން މިލްކުކުރެއްވީއެވެ.

18 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 28 ވަނަ ދުވަހެވެ. އާދައިގެ މަތިންދިޔަ ދުވަހެކެވެ. ވަކިޚާއްސަ ކަމެއްނެތެވެ.

19 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 29 ވަނަ ދުވަހެވެ. މިއަދު މެންދުރުފަހު، 2:30 ގައި ތަހުގީގަށް ނެރުނެވެ. ވެލާނާގެއަށް ގެންދިޔައީ ބިންގަރާހު ގޮޅިތަކުގައިިބި، 4 މީހަކު އެކުގައި ސިފައިންގެ ޖީޕެއްގައެވެ. މިއެންމެން ނަކީވެސް، 20 ސެޕްޓެމްބަރ ދުވަހު މާލެތެރޭގައި ހިންގުނު ހަމަނުޖެހުން ތަކުގެތުހުމަތުގައި ބަންދުކުރެވިފައިވާ މީހުންނެވެ.

މީގެތެރެއިން ބައެއްމީހުން ދޫނިދޫން ތަހުގީގަށް މާލެގެނެސް ހަދާކަމަށް ވެއެވެ. މިއަދު މިގެނެވުނު، 4 މީހުންނަކީ، އަޅުގަނޑާއި ޖެނީއާއި ނިއްޓި (ކުޑަހުވަދޫ އަންހެނެއްގެ ދަރިފުޅެއް) އާއި އުމުރަށް ޖަލަށް ހުކުމް ކުރެވިފައި ހުންނަ، އަލީފިރާގް މ.ރެއިންބޯ މާލެ (މަޝްހޫރުކާއްޑަ) އެވެ. ޖީޕުގެ ފަހަތުސީޓަށް އެރުވީ، ކާއްޑައާއި ނިއްޓިއެވެ. ފަހަތުގައި އިންނަކުޑާ ދެސީޓަށް އެރުވީ، އަޅުގަނޑާއި ޖެނީއާ، ދެމީހުންނެވެ. މިދެސީޓަށް އަރަންޖެހެނީ ޖީޕްގެފަހަތު ދޮރުންނެވެ.

ނިއްޓި ބަންދުކޮށްފައި ހުންނަނީ ބިންގަރާހުގެ، 2 ނަމްބަރު ގޮޅީގައެވެ. ޖެނީ ހުންނަނީ، 3 ނަމްބަރު ގޮޅީގައެވެ. ކާއްޑަ ހުންނަނީ، 7 ނަމްބަރު ގޮޅީގައެވެ. ކާއްޑަގެގޮޅި އިންވެގެން ހުންނަނީ އަޅުގަނޑުގެ ގޮޅިއާއެވެ. މިބައިގައި އަދިވެސް އިތުރު ގޮޅިތައް ހުރެއެވެ. ނުލަފާކަން ދައްކާ ގައިދީންނަށް ނުވަތަ ޑްރަގުކަހަލަ ބައެއް ކަންކަމުގައި ފިނިކޮށްލައިގެން އެއްބަސް ކުރުވުމަށް ބޭނޫންވާ މީހުންގެގަޔަށް ވަށައިގެން ފެންޖަހާފިނިކޮށް ލުމަށް ހަދާފައި ހުންނަބައެއް ގޮޅިތައް މިބައިގާ ހުރެއެވެ.

މިގޮޅިތަކުގެ ތެރެއިން އަޅުގަނޑަށް ފެނުނުގޮޅި ހަދާފައިހުރީ، ގޮޅީގެއެތެރޭގެ ވަށާފާރުތައް މުޅިން ސްޓޭންލެސް ސްޓީލުން ހަދާފައި ދެތިން ދިމާއަކުން މަތިންނާއެކު ފިނިކޮށްފައި ހުންނަ ފެންޖެހޭގޮތަށެވެ. އަޅުގަނޑަށް ފެނުނީ އެންމެ ވީއައިޕީ ގޮޅިއާއި ކައިރީގައި ހުންނަ މިވައްތަރުގެ ގޮޅިއެވެ. މީގެތިންގޮޅި މިބައިގައި ހުރެއެވެ. މިގޮޅިތަކަށް، އެތަނަށްވައްދާ ކުދިންކިޔާއުޅެނީ، “ފެންގޮޅި” އެވެ.

އަޅުގަނޑުމެން ހަތަރުމީހުން ޖީޕުން ބޭލުމަށް ފަހު، ވެލާނާގޭ ގުދަންތެރޭގައި އެކިދިމާއަށް ވާގޮތަށް ޕްލާސްޓިކް ގޮނޑިތަކުގައި ބައިތިއްބައި ފިއެވެ. އެހެން ދުވަސްތަކެކޭ އެއްގޮތަށް ސިފައިންގެ ގާޑުން އަޅުގަނޑުމެން ބަލަހައްޓަން ތިބެއެވެ. މިގޮތަށްތިބޭތާ، 20 ށް މިނެޓްފަހުން ފަހަރަކުމީހަކު ތަހްގީގު ކޮޓަރިތަކަށް ވައްދަން ފަށައިފިއެވެ. ތަހުގީގު ފެއްޓިއްޖެއެވެ.

އަޅުގަނޑު މިއަދުވެއްދީ، 1 ނަމްބަރު ކޮޓަރިއަށެވެ. މިއީ މިކޮޓަރިއަށް ވެއްދިފުރަތަމަ ފަހަރެވެ. ތަހުގީގުކުރުމަށް ތިއްބެވީ ވެސް މުޅިންއާ ބައެކެވެ. މިޓީމުފެނުމުން މީގެދެދުވަސް ކުރިން އަޅުގަނޑަށް ފެނުހުވަފެން ހަދާންވެގެން ދިޔައެވެ. އަދި އަޅުގަނޑުގެ ހިތްވަރު ތާޒާވެއާލާވެގެން ދިޔައެވެ. ހިންމަތް އިތުރުވެގެން ދިޔައެވެ.

އާދެ! މިކޮޓަރީގައި އިސްކޮށް އިންނެވީ، ރާއިދު އޭކިޔާ ބޭފުޅެކެވެ. މިއީ އަޅުގަނޑު މެންނަށް ރަށުތެރޭގައި ފާރަލުމްށް އުޅުނު ޓީމުގެ އޮފިސަރެކެވެ. ދެންއިންނެވި ބޭފުޅާއަށްކިޔަނީ ހީވާގޮތުގައި އަސީތުއެވެ. މިދެންނެވި ރާއިދަކީ، އެދުވަސްވަރު ވަށްލޯލީއައިނެއް އަޅުއްވައިގެން އުޅުއްވި ސިފައިންގެ އޮފިސަރެކެވެ. އަޅުގަނޑަކީ އައިނުއަޅަން ފެށީއްސުރެ އަބަދުވެސް ވަށްލޯލީފުރޭމުގެ އައިނު އަޅާމީހެކެވެ. މިއީ މީނާ ކޮށްފައިވާ ކޮޕީއެކެވެ. އަދި މީނާއަކީ މަގުމަތިން އަޅުގަނޑު ފަހަތުން އުޅޭމީހެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައި ހުންނަ ޖާސޫސީ ކަންތައް ރާވައިގެން ހިންގާމީހެކެވެ. ސިޔާސީ ލީޑަރުންގެ ފަހަތުން ފާރަލަމުންދުވާ ސިފައިންގެ އޮފިސަރެކެވެ.

އަދި ޑޮކްޓަރ ވަހީދު މާލެވަޑައި ގަންނަވާ ފަހަރުތަކުގައި ޑޮކްޓަރ ވަހީދުގެ ފަހަތުން ކެމެރާކޮށް ހަދަންއުޅެނިކޮށް އަޅުގަނޑު މެންނަށް ފަޅާއަރާފައިވާ ސިފައިންގެ މީހެކެވެ. މީނާއަކީ އެދުވަސްވަރު އަޅުގަނޑުމެންގެ ފަހަތުން ފާރަލުމަށް ދޫކޮށްފައި ހުންނަ ސިފައިންގެ ޖާސޫސެކެވެ. މީނާގެ އަމަލުތައް މާލެތެރޭގައި ހުންނަގޮތުން، އެކަންވަނީ އަޅުގަނޑަށް ފަޅާއަރައި ކަށަވަރުވެފައެވެ.

ދެން މިދަންނަވާ، ރާއިދާއެކު ތަހުގީގުކުރާ ކޮޓަރީގައި ތިއްބެވީ، އިތުރު ދެސިފައިންގެ ބޭކަލުންނެވެ. ދެންތިއްބެވީ، ރައްޔިތުން މަޖިލީހުގެ ދެމެމްބަރުން ކަމުގައިވާ، ހއ.އަތޮޅުގެ އިއްޒަތްތެރި މެމްބަރެއް ކަމުގައިވާ، ނިޒާމާއި ދ.އަތޮޅުގެ އިއްޒަތްތެރި މެމްބަރެއް ކަމުގައިވާ، އިސްމާޢީލް ޒާހިރާއި އެޓާރނީ ޖެނެރަލް އޮފީހުން އިންނެވި ސްޓޭޓްއެޓަރނީ އެކެވެ.

މީނާއަކީ، އަންނިގެ ޝަރީޢަތުގައި އުޅުއްވި ހިކިދޮންކޮށް ހުންނަވާ އިންޑޮނޭސިޔާ ހިސާބުގެ މީހަކާ ވައްތަރުވާކަހަލަ ގޮތެއްހުންނަ ބޭފުޅާއެވެ. ނަމެއްނޭނގެއެވެ. އަޅުގަނޑު އިށީދެ ހަމަޖެހިލުމުން، ރާއިދު ކުރެއްވި ސުވާލަކީ މިއެވެ. އިލްޔާސް ސިފައިންނަށް ދީފައިވާ ބަޔާނުގައި ސަހަރާއަށް އިލްޔާސް ދިޔަކަން ސާބިތުވެއެވެ. އޮޅުން ފިލުވާލަން ބޭނުންވަނީ، ސަހަރާއަށް ދިޔައީ ކީއްކުރަން ކަމާއި ސަހަރާއަށް ދިޔައީ އިލްޔާސް އަމިއްލައަށް އެކަނިތޯއާއި ސަހަރާއަށް އިލްޔާސް ދިޔައީކާކު ބުނެގެންތޯއެވެ؟ މިކަންތައް އޮޅުންފިލުވާލަ ދޭށެވެ؟

މިސުވާލުތަކަށް އިލްޔާސް ބުނުއްވަނީ ކީކޭތޯއެވެ؟ މިސުވާލުތައް މީނާކުރުމުން އަޅުގަނޑުގެ ހިތަށްވަދެގެން ދިޔައީ މިކަންކަތުގެ ފަސްމަންޒަރެވެ. މިސުވާލުތައް ރާއިދުގެ އަނގައިން އިވުމުން، އަޅުގަނޑުގެ ހިތުތެރޭގައި ބައިވަރުސުވާލުތައް އުފެދި، ވަސްވާސްތައް ގިނަވެއްޖެއެވެ. ގިނަޝައްކުތައް އުފެދިއްޖެއެވެ. ޖަވާބުނުދީ މިކަމާމެދު ވިސްނާލަން މިނެއްޓެއްހާ ހިނދުކޮޅެއް ބޭނުމޭ ދަންނަވާފައި މުޅިމިކަންތައް ގަނޑަށް ސިޔާސީ ވިސްނުމަކުން ނަޒަރުކޮށް ވިސްނާލައިފީމެވެ.

މިވިސްނުންތަކަށް ބުރެކިޖައްސާއި މަޑުޖެހިލަން ޖެހުނީ، ކުއްލިއަކަށް ރާއިދު މިކުރެއްވި ސުވާލުތަކުންނެވެ. މިސުވާލުތަކަކީ، އޭނާރަށުތެރޭގައި ހިންގަމުން ގެންދާކަންތަކާ ސީދާގުލުންހުރި މީހަކާކޮށް ގެންވާނެ ސުވާލުތަކެއް ނޫނެވެ. އޭނާހިތުން، އޭނާގެ ޖާސޫސީ އެއްވެސްކަމެއް، އަޅުގަނޑަށް ނޭނގެނީއެވެ. މިކަންތައްގަނޑުގެ ފަހަތުގައި ބޮޑުސިޔާސީ މަންޒަރެއް ފޮރުވިފައި ވެދާނެކަމުގެ ޝައްކުތައް އަޅުގަނޑުގެ ހިތުތެރޭގައި ފާއްދާލީ ފެނިގެން މިދިޔަ މަންޒަރާއި ކަންތަކުންނެވެ.

ރާއިދު ނޫންއޮފިސަރެއް މިފަދަސުވާލެއް ކުރެއްވިނަމަ މިވިސްނުންތައް އަޅުގަނޑުގެ ސިކުނޑިއަށް ނުވަނީހެވެ. ރާއިދަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ފާޅުކަން ބޮޑުކޮށް އުޅުނު ފަރާތްތަކުގެ ފަހަތުން ފާރަލުމަށް އުޅުއްވާ ސިފައިންގެ ބޭކަލަކަށް ވެފައި، މީނާ އަޅުގަނޑާ މިކުރެއްވި ސުވާލުތަކަކީ، އަޅުގަނޑަށް ކުއްލި މަޑުޖެހުމެއް ގެނުވާއި ވިސްނާލަން މަޖްބޫރުކުރުވި ސުވާލުތަކެކެވެ. ދެވަނަ ވިސްނުމަކަށް ދިއުމަށް މަޖްބޫރުކުރުވި ސުވާލުތަކެކެވެ.

މީގެކުރިންވެސް ބައެއް ސިޔާސީ ކަންތަކުން ނުކުމެފައިހުރި ނަތީޖާތަކުން، އަބަދުވެސް އަޅުގަނޑުގެ ވިސްނުން ހުންނަނީ، މިފަދަ އަޑިނޭންގޭ ކަންތަކަކީ، ސިޔާސީ ރޭވުމެއް ފަހަތުގައި ފޮރުވިފައި އޮންނާނެ ބޮޑެތި ސިޔާސީ ރޭވުންތައް ކަމަށެވެ.

އެދުވަސްވަރުގެ ސިޔާސީ މަސްރަޙް ދައްކާގޮތުން، ޖަލުން މީހަކު މާރާލުމާއި ޖަލުގައި ބަޑިޖެހުންފަދަ ބޮޑުޙާދިޘާއެއް ހިންގާލުމަކީ، ގިނަމަގްސަދު ތަކެއް ސިޔާސީގޮތުން ހާސިލްކުރެވިދާނެ އަމަލެކެވެ. ޚާއްސަކޮށް މަޖިލިސް މެމްބަރުން މިކަމުގެ ތަހުގީގޔތެރޭގައި ރައީސް މައުމޫނު ބޭނުންކުރެއްވީ ސިޔާސީ މަގުސަދެއްގައިއެބޭފުޅުންނައި ގާތްވުމަށާއި ފައިދާއެއް ނެގުމުގެ ބޭނުމުގައެވެ. ދުނިޔޭގެ ގައުމުތަކުގައި މިފަދަ ސިޔާސީ މުޑުދާރު ރޭވުންތައް ހިންގައި ތަންފީޒުކޮށް، އެކިސިޔާސީ މަގްސަދުތައް ސަރުކާރުތަކުން ހާސިލްކޮށްފައި އެބަހުއްޓެވެ.

އަޅުގަނޑަކީ ސިޔާސީ މީހަކަށްވާތީ، އަޅުގަނޑުގެ ސިޔާސީ ވިސްނުންތައް ދިރާސާ ކުރާގޮތުގައި މިކަމަކީ، ހަގީގަތަކަށްވުން ވަރަށް ކައިރި ކަމެކެވެ. އަޅުގަނޑު މެންނާމެދު ސަރުކާރުން، އެދުވަސްވަރު ފާރަލަމުން ގެންދިޔަ ގޮތުންނާއި އަޅުގަނޑުގެ މައްޗަށް އެކިފަހަރުމަތިން އުފުއްލެވި ތުހުމަތުތަކުން މިފަދަ ވިސްނުންތައް ސިކުނޑީގައި ގެންގުޅެން މަޖްބޫރުވަނީއެވެ.

އަދި އެދުވަހު ބަޑީގެ ބޭނުންހިފީ ކުށްވެރިން ބަޑިގުދަނަށްވަދެ ހަތިޔާރުތަކުގެ ބޭނުން، ގައިދީން ކުރަންފެށުމަކުން ނޫނެވެ. ޖަލުގައިހުރި ބަޑިގުދަން ހަލާކުކުރުމަށް އެއްވެސް ގައިދީއަކު ބަޑިޖެހިއިރު އުޅެފައެއް ނުވެއެވެ. އަދި އޭރު، ގައިދީން ބަޑިގުދަނުގެ ދޮރާހިސާބަށް ނުވެސް ފޯރައެވެ. ސިފައިންތިބީ ބަޑިގުދަނުން ވަޒަނާއެކު ބަޑިތައްނަގައިގެން މާކުރިންރެޑީވެ، ތައްޔާރީ ހާލަތުގައެވެ.

މިކަމުންވެސް ދަލާލަތުކުރަނީ، މިކަމަކީ ދުރާލައި ވާހަކަ ދައްކައިގެން، ރާވާފައިވާ އޮވެދާނެ ކަމަކަމެވެ. އަދި ހަމައެވަގުތާއި އެދަނޑިވަޅާ ދިމާކޮށް، މާލެތެރޭގައި ބޮޑުހަމަނުޖެހުން ތަކެއް ޕާޓޭންގެ ގްރޫޕެއް ލައްވައި ހިންގުމުން ސިޔާސީ މީހުންތައް އަތުލާއި ހިފާހައްޔަރު ކުރުންފަސޭހަވެ، ސަރުކާރު ހިންދަމާލުމަށް އަނެއްކާވެސް މަގުފަހިވެ، ރައްޔިތުންގެ ވޯޓާއި މަޖިލީހުގެ ވޯޓުތައް ކާމިޔާބުކުރުމަށް ހުޅުވަންޖެހޭ ދޮރުތައް ހުޅުވަން ފަސޭހަވެގެން ދާގޮތަށް ހުރިހާކަމެއް ފަހިވެ، ހަމަޖެހިގެން ދާނީއެވެ.

މިފަދަ ވިސްނުމަކަށް ބުރަވުމަށް ދޭހަވެގެންދާ ގޮތަށް އެތައްކަމެއް އެދުވަހު އަޅުގަނޑާ ކުރިމަތިވިއެވެ. އަންނިއާއެކު ޑޮކްޓަރ ވަހީދަށް ތާއީދުކުރާ އެންމެން ކަމުގައިވާ، ރާއްޖޭގެ އިސްލާހި ހަރަކާތުގައި އަމަލީގޮތުން ފާޅުގައި އުޅުނު، އަޅުގަނޑުމެން އެންމެން، އެދުވަހު މާލޭގެމަގުތަކުގައި ހަމަނުޖެހުންހިންގި ޕާޓޭންގެ ގްރޫޕާއެކު މަގުމައްޗަށް ނެރެންވެގެން ރޭވުންތަކެއް ރޭވިކަމަށް ދޭހަވާހެކިތައް ބައިވަރު ފެންނަން އެބަހުއްޓެވެ. އާދަމްޒާހިރު އިސްވެ ހުންނަވައިގެން އެކިކަންތައް ރާއިދުމެން ލައްވާ ހިނގާފައި އެބަހުއްޓެވެ. މިރާއިދުމެންގެ ޖާސޫސީ ފާރަވެރިކަން މާލެތެރޭގައި ހިންގުނުގޮތާއި އަޅުގަނޑަށް އައިކޯލްތަކާ ވެސް ބައެއްގުޅުންތައް އެބަހުއްޓެވެ.

ސަހަރާއަށް ވީހާއަވަހަށް، އަޅުގަނޑު ގެންދިއުމަށް ކޯލެއްއައެވެ. އަދި ދިއުން ލަސްވާތީ އަޅުގަނޑުބަލާ މީހަކުވެސް ފޮނުވުނެވެ. އެހެނަސް އަޅުގަނޑު ނިންމީ މިބައިތައް ތަހުގީގުގައި ހާމަނުކުރުމަށެވެ. މިއަދުގެ މިތަހުގީގުގައި ވެސް މިސުވާލުތަކަށް ރާއިދަށް އަޅުގަނޑު ޖަވާބުދިނީ، ސަހަރާއަށް ދާންއެނގުނީ މަގުމަތިންދިމާވި އަންހެން ގްރޫޕެއް، މެންދުރުދޭއްގެ ޚަބަރު ބަލަން ބުނުމުން ކަމަށެވެ. ޚަބަރުގައި ސަހަރާގައި މަރުވިއީވާން އޮތްވާހަކަ ނުކިޔަސް މިއަންހެން ކުދިންގެ ފަރާތުން ސިފައިން މަރާލި، އީވާން ސަހަރާގައި އޮތްކަން އަޅުގަނޑަށް އެނގިގެން ސަހަރާއަށްދާން އަޅުގަނޑަށް އެނގުނީކަމުގައި ރާއިދަށް ދެންނެވީމެވެ.

ދެންކަންތައް ހިންގާދިޔަގޮތް އަޅުގަނޑުގެ ތިޔަބަޔާނުގައި އަޅުގަނޑުގެ ރަސްމީސޮޔާއެކު ފެންނަން ތިއޮއްތީއޭ ދެންނެވީމެވެ. މިއަށްވުރެ އިތުރަށް ތިޔަކުރެއްވި ސުވާލުތަކަށް އަޅުގަނޑު ދޭނެޖަވާބެއް ނެތެވެ. ރާއިދާއި އޭނާއާއެކު މާލެތެރޭގައި އަޅުގަނޑުމެން ފަހަތުން ޖާސޫސުކުރަން އުޅެމުންދާ އޮފިސަރު އަޅުގަނޑާ ސުވާލުކުރުމަށް ތަހުގީގުކޮޓަރި ތަކަށް ނުކުތުމުން މިއަދު، އަޅުގަނޑުހުރީ ފުދޭވަރަކަށް ރުޅިއައިސްފައެވެ. ބައެއްފަހަރު ހީބިހިނަގައިގަނެއެވެ. މިމީހުންގެ ފެންވަރާއި މިމީހުންގެ ރޭވުންތައް އަޅުގަނޑަށް ވިސްނިފައި ވުމުން އަޅުގަނޑު ހުރީވަރަށް ބޮޑަށް ރުޅިގަދަ ވެފައެވެ. ރަތަށް އަރާފައެވެ. އަދި އެވަގުތުކޮޅު ތަހުގީގުޓީމު ކުރިމަތީގައި ހުރެގެން، އަޅުގަނޑަށް ކެއްތެރިކަން ދެއްވުންއެދި، ﷲއަށް ހިތުތެރެއިން ދުޢާދެންނެވީމެވެ.

މިވާހަކަތަކަށް ފަހު، ދެން ރާއިދު އަޅުގަނޑާ ކުރެއްވި ސުވާލަކީ، އެދުވަހުގެ ދޭއްގެ ޚަބަރުގައި މަރުވިކުއްޖާ ބޭއްވިފައިއޮތީ ސަހަރާގައި ކަމެއްނޭންގޭނެއެވެ. ސަހަރާއަށް ދިއުމަށް އިލްޔާސް ގާތުގައިބުނީ ކާކުހެއްޔެވެ؟ އެއްވެސް މީހަކު އިލްޔާސަށް ފޯނުކުރިތޯ ތަކުރާރުކޮށް ރާއިދު އެއްސެވިއެވެ؟ އަނެއްކާވެސް އަޅުގަނޑު ދަންނަވައިފީމެވެ. ނޫނެކެވެ! ކުރިންވެސް ދެންނެވިހެން އަޅުގަނޑަށް ސަހަރާއަށް ދާންއެނގުނީ މަގުމަތިން ދިމާވި، އަންހެން ކުދިންކޮޅެއްގެ ފަރާތުންނެވެ. މަގުމަތިން މިކުދިންނާ ދިމާވިކަމީ އަޅުގަނޑުގެ ނަސީބޭ ހިތަށް އެރިއެވެ. ދެން އެއްސެވީ އެއީ ކޮންބައެއް ހެއްޔެވެ.

އެއީ އަޅުގަނޑު ނުދަންނަބައެކޭ ބުނުމުން ރާއިދު ރުޅިއަންނަގޮތް ދައްކާލެއްވިއެވެ. އެކުދިންގެ ނަންކިޔައިދޭށޭ ބުނުއްވިއެވެ. އެކުދިންގެ ނަމެއް ކިޔައިދޭކަށް ނޭނގޭކަމަށް އަނެއްކާވެސް ތަކުރާރުކޮށް ދަންނަވައިފީމެވެ. ދެން ސުވާލުކުރެއްވީ ސަހަރާއިން ބައްދަލުވީ ކޮންބަޔަކާ ތޯއެވެ؟ މިސުވާލުގެ ޖަވާބުގައި ވެސް ޔޫސޭގެ ބަޔާއި އަންނިގެބައި ބޭއްވީ، މުޅިން ސިއްރުކޮށް ފައެވެ. ބަޔާނުގައި ވެސް މިބައިވާނީ ނުގެނެސް ސިއްރުކޮށް ފައެވެ. ރާއިދުކައިރީގައި ވެސް މިބައިބޭއްވީ ބޮޑުސިއްރެއްގެ ގޮތުގައެވެ.

ބައްދަލުވި މީހުންގެ ނަންތައް އަޅުގަނޑުގެ ތިޔަބަޔާނުގައި ވަރަށް ތަފްސީލުކޮށް ލިޔެފައިއެހެރީއެވެ. ބައްލަވާލައްވާށޭ، ދަންނަވައިފީމެވެ. ސަހަރާއިން އަޅުގަނޑާ ބައްދަލުވެ ވާހަކަދެއްކީ ރައީސް މައުމޫނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ ބޭފުޅުންނާއި މިނިސްޓަރ އަބްދުއްރަޝީދު ހުސައިން (އަބުސީ) އާއި ޝައިޚް އަހްމަދުފާރޫގާއި ޝައިޚް ހަސަން ޔޫސުފާއެވެ. އެމީސްމީހުންގެ ނަންތައް ބަޔާނުގައި ލިޔެސޮއިކޮށްފައި ހުންނާނެއެވެ. ތިބޭފުޅުން ބައްލަވާށެވެ. އޭރުން ފެންނާނެއެވެ.

ދެން އަނެއްކާވެސް އެބޭފުޅުންނާ ދެއްކީކޮން ވާހަކައެއްތޯ ރާއިދު ވަރަށްބާރަށް އައްސަވައި ފިއެވެ. އަޅުގަނޑު ވެސް ބާރުއަޑުން ދަންނަވައިފީމެވެ. އަޅުގަނޑު ސަހަރާގައި ހުރެގެން ދެއްކި ވާހަކަތަކަކީ، މީހަކުމަރުވުމުން ދީނުގައި އޮންނަނީ ވީހާއަވަހަށް މައްޔިތާ ވަޅުލުމެވެ. އަބުސީއާއި ފާރޫގު މިތަނަށް ގެންނަވައިގެން ތިޔަބޭފުޅުން އައްސަވާށެވެ. އޭރުންތެދުދޮގު އެނގިލައްވާނެއެވެ. ދެން މީނާއަކަށް މިވާހަކަތައް ކުރިޔަށް ގެންދާކަށް ނުކެރުނެވެ. ރުޅިއައިސް އިންނަވައިގެން ދެން އަޅުގަނޑާ ދިމާއަށް ދެލޯބޮޑޮށް ބައްލަވަން އިންނަވައިގެން އެއްސެވީ، އަޅުގަނޑުގެ ބަޔާން ދައްކާލައްވާފައި މިއީމުޅިން ތެދުބަޔާނެއް ހެއްޔެވެ؟

އަޅުގަނޑު ވެސް ރުޅިއައިސްފައި ހުރުމުން ތަންކޮޅެއްބާރަށް ތިޔައީ ސައްތައިން ސައްތަތެދު ބަޔާނެކޭ، ތިވާހަކަތަކުގެ އިތުރަށް މަރާލިއަސް ބުނާނެ އިތުރުއެއްޗެއް މިއަނގައަކުން ނުނިކުންނާނޭ ދަންނަވައިފީމެވެ. އަދި އަޅުގަނޑުގެ އަނގައިތެރޭގައި މީނދަދުލަކުން ބޭރެއްނުވާނޭ ކިޔާފައި ރާއިދަށް އަޅުގަނޑުގެ ދޫނެރެލާފައި ދެއްކީމެވެ. މިހާހިސާނުބް އެތާނގައި ތިބިއެހެން އޮފިސަރުންނަށް އަޅުގަނޑު ގެންދިއުމަށް ރާއިދު އިޝާރާތް ކުރެއްވީއެވެ. މިއަދު ތަހުގީގުގެ މިބައިދިޔައީ ވަރަށް ހޫނުކޮށެވެ. ވެގެން މިއުޅޭގޮތަކީ، މަގުމަތީގައި ޖާސޫސުކުރަން އުޅޭގުރޫޕު ތަހުގީގުމޭޒަށް އެރުވީމާވާނެ ގޮތެވެ.

ދެން އަޅުގަނޑަށް ފަހު މިމީހުން ކައިރިއަށް، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށް ވެއްދީ، ނިއްޓިއެވެ. ނިއްޓި ނުކުމެފައި ބުނެދިންގޮތުގައި ނިއްޓި އާދިމާއަށް ރާއިދު މިތަނުން ކޮފޭށޭ ތަހުގީގުމޭޒުގައި އިންނަވައިގެން ބުނުއްވިކަމަށް ނިއްޓި ކިޔައިދިނެވެ. ދެން ވޭނަށް ލައިގެން އަޅުގަނޑުމެން، 4 މީހުން ގެނެސް އެންއެސްއެސް ބިލްޑިންގްގައި ހުންނަ ބިންގަރާސް ގޮޅިތަކަށް ވެއްދީއެވެ. އޭރު ހަވީރު ފަހެއްޖަހާ ބޮޑުވެދާނެއެވެ. އަޅުގަނޑުމެން ހަތަރުމީހުން އެއްކޮށް އުޅެލުމަށް ހިނދުކޮޅެއް ލިބުމުން އަޅުގަނޑުމެން އެންމެންވެސް މިއަދުތިބީ ވަރަށް ހިތްހަމަޖެހިފައެވެ.

އާދެ ސިފައިން ބޭނުންވީ ޕާޓޭންގެ ގުރޫޕުގެ މުޝީރަކަށް އަޅުގަނޑު ހަދާށެވެ. އެހެނަސް ރާއިދަށް ވެސް އެކަމެއް ނުކުރެވުނެވެ.ހަލީމަށް ވުރެ މާއަވަހަށް އެމަސައްކަތުގައި ރާއިދު ފެއިލްވެއްޖެއެވެ. ކުރިން އިޝާރާތުންނާއި ވަގުތުބަލާފައި ހަޅޭލަވައިގެން ވާހަކަދައްކާ އުޅުނުމީހުން ބޭނުންގޮތަކަށް ވާހަކަދައްކާލަން ވޭނުތެރޭގައި ފުރުސަތު ލިބުނީމާ ވަރަށް ހިތްހަމަ ޖެހުނެވެ.

ސިފައިން ވާހަކަދެއްކުން މަނާކުރިޔަސް އެމީހުންނަށް އެކަމެއް ނުހުއްޓުވުނެވެ. އަޅުގަނޑުމެން ދައްކާވާހަކަތައް ރެކޯޑްކުރިޔަސް ހެޔޮކަމަށް އަޅުގަނޑުމެން ބޭނުންވިހާ ވާހަކައެއް ދެއްކީމެވެ. ބައެއް ސިޔާސީ ވާހަކަތައް ވެސް ޖެނީއާއި އަޅުގަނޑު ދެއްކީމެވެ. ހަސަން އަފީފާއި މުހަންމަދު ޝީހާބާއި މޮޑީއާއި އިބްރާހީމް މުހަންމަދު ސޯލިހު (އިބޫ) މެންކަހަލަ ބޭފުޅުން، ސެޕްޓެމްބަރު، 25 ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ސިއްރުވޯޓުގައި ރައީސް މައުމޫނަށް މަޖިލީހުގެ އިއްތިފާގު ދިނުމަށް ބައިވެރިވުމުން ޚާއްސަކަމެއް ގޮތުގައި ފާހަގަކޮށް، އެކަމާދެރަވެގެން އެވާހަކަތައް އަޅުގަނޑުމެން ދެއްކީމެވެ.

ޢަމުދުން އިބޫ ގެވޯޓުލިބި ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގު ރައީސް މައުމޫނަށް ލިބިގެން ދިއުމަކީ، އެބޭފުޅުންގެ ސިޔާސީ ފެންވަރުދަށްވުން ކަމުގައި އަޅުގަނޑުމެން ނިންމީމެވެ. މިމަޖާވާހަކަތަކާއި ތަހުގީގުތެރޭގައި ހިންގާދިޔަ ހޫނުވާހަކަތަކާއެކު މިއަދަކީ އާދަޔާޚިލާފު ހިތްހަމަޖެހުމެއް ލިބުނުދުވަހެކެވެ. މީގެދެދުވަހެއް ކުރިންފެނުނު ހުވަފެނުގެ ހަދާން، މިކަންތައްގަނޑު ތެރޭގައި އުޅުނުއިރު އަބަދުވެސް ހަނދާންހުއްޓެވެ. އެހުވަފެނަކީ ވެސް ލިބުނުހިތް ވަރެކެވެ. ދެން އެމީހެއްގެ ގޮޅީގައި އެމީހަކު ބަންދުވެ ނިމުނީއެވެ.

20 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 30 ވަނަ ދުވަހެވެ. މިއަދުދިޔައީ ވަގުތުލިބޭ ވަރަކުން، އެންމެން މަޖާކޮށް ހެދުމުގައެވެ. ގާޑުންނަށް އަޑުއިވޭވަރަށް ގަދައަޑުން ވާހަކަދައްކަނީއެވެ. މިހާރު ބިރެއްނެތެވެ. މިގޮތަށް ވާހަކަދެއްކުމަކީ އާންމުކަމަކަށް ވެއްޖެއެވެ. ހީވާގޮތުގައި މިގޮތަށް ވެސް މިދޫކޮށްލީ، އަޅުގަނޑު މެންގެ ވާހަކަތައް އަޑުއަހައިގެން އިތުރުކަމެއް ތަހުގީގަށް ނެރެވޭތޯކަމަށް ބެލެވިނެވެ. ބައެއްފަހަރު ގާޑްއައިސް މަނާވެސް ކުރެއެވެ. އެހެނަސް އެއީމާބޮޑު ކަމަކަށް މިހާރަކު ނުވެއެވެ. ތިބެނީ ކުރިޔަށްވުރެ ދޫދިފައެވެ. މަޖާކޮށް ވާހަކަދައްކައި ހެދެއެވެ. ބައްދަލުނުވެވޭ ކަމެވެ. އަދި އެކަކުއަނެކަކަށް މޫނުނުފެންނަކަމެވެ.

21 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 31 ވަނަ ދުވަހެވެ. މިއަދަކީވެސް ޚާއްސަކަމެއް ނުހިނގާ ދުވަހެކެވެ.

22 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 32 ވަނަ ދުވަހެވެ. މިއަދަކީ ތަހުގީގުއޮތް ދުވަހެކެވެ. ބަލާއައީ ހެދުނު، 10:30 ގައެވެ. ވެލާނާގެއަށް ގެންގޮސް އިރުގަނޑަކު ގުދަނުގައި ބޭންދުމަށް ފަހު، ވެއްދީ، 2 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. މިއަދު ތިއްބެވީ، ތަހުގީގު ފެއްޓެވިއިރު ތިއްބެވި ބޭފުޅުންނެވެ. ވެރިއަކަށް އިންނެވީ، ނައިބުގޭ މުހަންމަދު ހަލީމެވެ.

ދެން މަޖިލީހުގެ މެންބަތުންނަށް ތިއްބެވީ، ހިޔަލީއާއި ރާމިޒާއި ސްޓޭޓް އެޓަރނީއަކަށް ނާޝިދެވެ. މިއީ އެއްޓީމެވެ. ގުދަނުން ބޭރުގައި އަޅުގަނޑު ހުޅުމާލެއަށް ދިޔަފެރީގެ ޑްރައިވަރު ގެނެސް އަތްގަނޑުލީ ޕްލާސްޓިކް ގޮނޑިއެއްގައި ބައިންދާފައި އިންދާ އަޅުގަނޑަށް ފެނިއްޖެއެވެ. މިއީވެސް ނަސީބަކުން ދިމާވި ރަނގަޅު ކަމެކެވެ. އޭނާގެމޫނު ރަނގަޅަށް ދަސްކޮށްލުމަށް ލިބުނު ފުރުސަތެކެވެ. މީނާފެނި ހީލާހަދާލުމަކީ އަޅުގަނޑަށް ލެއްވި ނަސީބެކެވެ.

ތަހުގީގު ކޮޓަރިއަށް ފުރަތަމަ ވެއްދިތަންފެނުނީ ފެރީޑުރައިވަރެވެ. އެންބުރި އައިސް އޭނާއިން ގޮނޑީގައި އިށީދެ ކަނައަތުގެ ބޮޑުވައި އިނގިލިފޮހޭތަން ފެނުމުން އޭނާއެއައި ބަޔާނެއް ދީފައިކަން އެނގުނެވެ. މިއަދުގެ ތަހުގީގުފެށި މިހިނގައިގަތީ، މާލޭން ހުޅުމާލެއަށް އަޅުގަނޑު ދަތުރުކުރިފެރީގެ ޑްރައިވަރައި ހަމައިންނެވެ. ދެން އޭނާއަށް ފަހު، ވެއްދީ އަޅުގަނޑެވެ. އަޅުގަނޑުގެ ތަހުގީގު ފައްޓަވައި ދެއްވަމުން ހަލީމް ފުރަތަމަވެސް ކުރެއްވި ސުވާލަކީ، އެހެންފަހަރު ތަކުގައި ވެސް ކުރައްވާފައިވާ ސުވާލެވެ.

އިލްޔާސް އިތުރަށް ބުނާނެ އެއްޗެއް އެބައޮތްތޯއެވެ؟ އަޅުގަނޑު ދަންނަވައިފީމެވެ. ދަންނަވަންހުރި އެއްޗިއްސާއި ބުނަހުރި ވާހަކަތަކަކީ، ހަމައެކައްޗެކެވެ. މިކަމާގުޅިގެން ދަންނަވާނެ އިތުރުވާހަކައެއް ނެތެވެ. އިތުރަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަބޭފުޅުން އަތުގައި އެދުވަހު މަގުމަތީގައި ހަމަނުޖެހުން އުފެއްދުމަށް އަޅުގަނޑު އުޅެފައިވާ ކަމުގެހެއްކާއި ގަރީނާހުރިއްޔާ އަޅުގަނޑަށް ދައްކަވާށެވެ. އަޅުގަނޑުގެ ކުރިމައްޗަށް ގެންނަވާށެވެ.

އޭރުން އަޅުގަނޑުމިހުރީ، ވަރަށްކެރިގެން ވާހަކަދައްކާށެވެ. އެކަހަލަ އެއްވެސް ހެއްކެއްގަރީނާއެއް ނެތިއްޔާ އަވަހަށް މިނިވަންކޮށް ދޫކޮށްލަ ދެއްވާށެވެ. ދުނިޔޭގެ ވައިރޯޅިއެއް ނުވަންނަ ބިންގަރާހެއްގައި ބަންދުވެހުރެ އަޅުގަނޑުގެ މުޅިހަށިގަނޑު ހަލާކުވެއްޖެއެވެ. އެތަންމިތަނަށް ތަދުއަރަން ފަށައިފިއެވެ. ނިދާހޭލައިގެން އެނދުން ތެދުވެވެނީ ވަރަށް ހާލުން އުޅެގެންނެވެ.

މުޅިގަޔަށް ހުންނަނީ ހޫނުވާކަހަލަ ގޮތެއްވެފައެވެ. ތެދަށް ހިނގަނުގަނެވެއެވެ. އުނަގަނޑުން ހީވަނީބިންދައިގެން ހިނގައިދާނެ ހެންނެވެ. މިކަންތައް ވަރަށް ރަނގަޅަށް، ކޮންޓްރޯލް ރޫމްގައި އަޅުގަނޑުގެ ހަރަކާތްތައް ކެމެރާމެދުވެރިކޮށް މޮނިޓަރކޮށް ބަލަހައްޓަންތިބޭ އޮފިސަރުންނަށް އެނގޭނެއެވެ. އެބޭފުޅުން ކުރެން އައްސަވާށެވެ. އެމީހުން ރެއާއިދުވާލު އެތިބެނީ އަޅުގަނޑުމެންގެ މަންޒަރު ބަލަބަލާފައި އަޑުންއަޑުނަގައި ހީސަމާސާކުރާށެވެ.

އަޅުގަނޑުގެ އަސާސީހައްގުތައް އަވަހަށް ލިއްބައި ދެއްވާށެވެ. މިފަދަ ޖިސްމާނީ، އަދި ނަފްސާނީ އަނިޔާތަކުން، އަވަހަށް މިންޖުކޮށް ދެއްވާށެވެ. ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނޭވެ! ހައްގުތައް ނިގުޅައި ގަނެވިފައިވާ އިންސާނެއްގެ މިގޮވުންތައް އައްސަވާށެވެ. މިއަޑުތައް އައްސަވާށެވެ. އަވަހަށް ލުއިކަމެއް ގެނެސްދެއްވާށެވެ! މިވާހަކަތައް މަޖިލީހުގެ އެހެންއިއްޒަތްތެރި މެމްބަރުން އަރިހުގައި ވިދާޅުވެ ދެއްވާށެވެ! އާންމުރައްޔިތުންނަށް ކިޔައިދެއްވާށެވެ!

މިއީ އިންސާނަކަށް ދެވޭ ސާފު އަނިޔާއެވެ. ދެން އިތުރަށް ކުރަންޖެހޭ ސުވާލުތަކެއް ހުރިއްޔާ، އަވަހަސް ކުރެއްވުމަށް އަޅުގަނޑު ހަލީމަށް އެޑްރެސްކޮށް ދެންނެވުމުން ވިދާޅުވީ، އެދުވަހު ސަހަރާއަށް އިލްޔާސް ދުރުވީ، ކާކުބުނެގެން ހެއްޔެވެ؟ ސަހަރާގައި ހުންނަވައިގެން އިލްޔާސް ވާހަކަދެއްކެވީ ކޮންބަޔަކާ ހެއްޔެވެ. ދެއްކެވީ ކޮންވާހަކަތަކެއް ހެއްޔެވެ؟ އިލްޔާސްގެ ފޯނަށްގުޅީ ކޮންބައެއް ހެއްޔެވެ؟ މިފަދަ ސުވާލުތަކެއް ކުރައްވަން ހަލީމުފެއްޓެވުމުން އަޅުގަނޑު ކުޑަކޮށް ރުޅިއަންނަގޮތް ވެފައިހުރެ ދަންނަވައިފީމެވެ. އަދި މިހުރީ މިއަދުގެ އެންމެފަހު ވަގުތު ނިންމާލަމުން ތިޔަވާހަކަތައް ދައްކާށެވެ.

އާދެ! ތިޔައީ، 19 އޮކްޓޯބަރ 2003 ވީމިދިޔަ އާދީއްތަ ދުވަހު މިތާންގެ ތަހުގީގު، 1 ނަމްބަރު ކޮޓަރިއަށް، އަޅުގަނޑު ވައްދާފައި ރާއިދާއި އެހެން އޮފިސަރަކާ ވެގެންކުރި ސުވާލުތަކެވެ. އަޅުގަނޑު ފެށުމުގެކުރިން، މިވާހަކަތައް ފައްޓަވައި ދެއްވީތީ ވަރަށް ހެޔޮފުޅެވެ. އަޅުގަނޑު މިހުންނަނީ މިވާހަކަތައް މަޖިލީހުގެ މެމްބަރުންނަށް އިއްވާލާހިތުންނެވެ. އަދި މިތަހުގީގު ފުރިހަމަވެ، އިއްޒަތްތެރި މެމްބަރުންނަށް އަޕްޑޭޓްވެގެން ދާނީ، މިވާހަކަތައް ތަފްސީލުކޮށް ދެކެވި، އެބޭފުޅުންނަށް އަޑުއިވިގެންނެވެ. އަޅުގަނޑު ތައްޔާރުވެގެން މިހިރީއެވާހަކަތައް ކިޔައިދޭށެވެ. ފަހެ، ހުރިހާބޭފުޅުން ވެސް އަޑުއައްސަވާށެވެ!

މިމަހު، 19 ވަނަ ދުވަހު މިތަނަށް، ވެލާނާގެއަށް ގެނެސްވެއްދިީ، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. އެތާނގައި އިސްކޮށް ތިއްބެވީ، ރާއިދު ކިޔާއޮފިސަރަކާއި ރާއިދާއެކު މާލެތެރެއިން އަބަދުވެސް އެކުގައި އުޅެނިކޮށް ފެންނަ އޮފިސަރެކެވެ. މިދެމީހުންނަކީ އަޅުގަނޑު ދެކޭގޮތުގައި މިފަދަ ޚާއްސަކަމެއް ރައީސް މައުމޫނު ދެއްވައިގެން މަޖިލީހުގެ މެމްބަރުން ބައިތިއްބަވައިގެން ކުރިޔަށް ގެންދަވާ މުހިންމު ތަހުގީގެއްގައި އިސްކޮށް ސުވާލުކޮށްހަދަން ބައިތިއްބައިގެން ވާރުގެބައެއް ނޫނެވެ.

އެއީ މާލެތެރޭގައި އަޅުގަނޑުމެން ސިޔާސީ މީހުންފަހަތުން ފާރަލަމުން ފޮޓޯނަގަމުން ދުއްވާހަދަންއުޅޭ، ޖާސޫސީޖޯޑެކެވެ. މިދެއޮފިސަރުންގެ ޖޯޑަކީ އަޅުގަނޑުމެންގެ ކުރިމަތީގައި މުޅިންއަގު ވެއްޓިފައިވާ، ބަޔަކުބުނީމާ ބުނާހާގޮތްތަކެއް ހަދަމުންގެންދާ ގުރާޖޯޑެކެވެ.

އެއް ނަމްބަރު ތަހުގީގު ކޮޓަރިއަށް އަޅުގަނޑު ވައްދާފައި ރާއިދު ވެސްވަނީ ތިޔަކަހަލަ ހެއްވާސުވާލު ތަކެއް އަޅުގަނޑާ ކޮށްފައެވެ. ރާއިދު މިކުރިސުވާލު ތަކަކީ، އަޅުގަނޑު ކަހަލަމީހަކާ، ރާއިދު ކޮށްގެންވާނެ ސުވާލުތަކެއް ނޫނެވެ. ރާއިދަކީ އަޅުގަނޑުމެން ފަހަތުން ފާރަލަމުންދުވި ބައެކެވެ. މިފެންވަރުގެ ބޮޑު ތަހުގީގެއްގައި އެނާލައްވާ މިފަދަ ސުވާލުކުތައް ކުރުވައިގެން ނުވާނެއެވެ.

ބޭޒާރުވެ ފަޅާއަރަމުން މިދަނީ، ތިޔަބޭފުޅުންގެ ރޭވުމެއް ނެތުމުންނެވެ. އަޅުގަނޑުމެންގެ ފަހަތުން ޖާސޫސުކުރަން އުޅޭމީހަކު އަޅުގަނޑު ގެނެސް، ސުވާލުކުރިމާވާނީ ކިހިނެއް ތޯއެވެ؟ ރާއިދަކީ އަޅުގަނޑު މެންފަހަތުން އަޅުގަނޑުމެން ސިޔާސީ މަޅިއެއްގައި ބެއްދުމުގެ ބޭނުމުގައި ދޫކޮށްފައިހުރި މީހެއްކަން ސާފުކޮށް އަޅުގަނޑު މެންނަށް ހެއްކާއެކު އެނގެއެވެ.

އެފެންވަރުގެ ދޯދިޔާމީހުން އަޅުގަނޑުމެން ކުރިމައްޗަށް ތަހުގީގުކުރަން ފޮނުވީމާ، ތިޔަބޭފުޅުން ވެގެންދާނީ އިތުރަށް ބޭޒާރެވެ. އާދަމްޒާހިރުގެ އަގުވެއްޓޭނީއެވެ. ރައީސް މައުމޫނައި ހަމައަށް މިވާހަތައް ވެސް ދާނީއެވެ. މުޅިމަޖިލިސްތެރޭގައި މިވާހަކަތައް ފެތުރޭނީއެވެ. އިތުރަށް އަބުރު ފޮރުވަން ބޭނުމިއްޔާ ތިޔަފާޑުގެ ވާހަކަތައް އިތުރަށް ނުދައްކަވާށެވެ. އަޅުގަނޑު ބުންޏޭކިޔާފައި މިވާހަކަތައް ތިޔަބޭފުޅާގެ މަތީފަރާތުގައި އަވަހަށް ދަންނަވައި ދޭށެވެ. އިއްޒަތްތެރި މެމްބަރުން ވެސް ތިޔަބޭފުޅުންގެ ސިޔާސީ ލީޑަރުންނަށް އަޅުގަނޑާ ހަވާލާދީ މިވާހަކަތައް ދަންނަވައި ދެއްވާށެވެ.

ރާއިދު އަޅުގަނޑައި ކުރިމަތިލައި އެކުރެއްވީ ހަމަސުމެއްގެ ކަމެކެވެ. ވަރަށް ދަށުދަރަޖައިގެ ކަމެކެވެ. ދިވެހިރާއްޖޭގެ ލޮބުވެތި ސިފައިން ބަދުނާމު ކުރީއެވެ. އަމިއްލައަށް ފަޅާއަރައި ބޭޒަރުވީއެވެ. އަޅުގަނޑާ ކުރެއްވި ސުވާލުތަކަކީ އޭނާކޮށްގެން ނުވާނެ ބޭކާރުސުވާލު ތަކެކެވެ. ތިޔަބޭފުޅުންގެ ހަރުދަނާ ރޭވުންތެރިކަމެއް ނެތްކަން ސާބިތުވެގެން ހިނގައްޖޭ، އަޅުގަނޑު ދެންނެވީމެވެ. އީވާނުގެ މޫނުދެކެން ސަހަރާއަށް ދާންއެނގުނީ ކިހިނެއްތޯއާއި ސަހަރާއަށް ދިޔައީ ކިހިނެއްތޯއާއި ސަހަރާއަށް ގޮސްވާހަކަ ދެއްކީކޮން ބަޔަކާތޯއާއި ފޯނުންވާހަކަ ދެއްކީކޮން ބަޔަކާތޯ، ހަލީމުވެސް ތިޔައެއްސެ ވީއެވެ.

މީރު ސަހަރާއަށް ތިމާގެމީހުންނާއ ގާތްމީހުންގެ މޫނުދެކެން ދިއުމަކީ ސުންނަތެކެވެ. ސަހަރާއަކީ، އެންމެމަތީ ފަންތީންފެށިގެން އެންމެދަށް ފަންތީގެ މީހުންވެސް ދާންޖެހޭތަނެކެވެ. ވަކިމީހަކަށް ނުދެވޭގޮތަށް ހުރިތަނެއް ނޫނެވެ. ޢަމުދުން ތިމާއާގާތް މީހަކުމަރު ވެއްޖެނަމަ، އެމީހެއްގެ ޖަނާޒާއަށް ދާންޖެހޭނެއެވެ. ޖަނާޒާގައި ބައިވެރިވުމަކީ، އައުލާކަން ބޮޑުވެގެންވާ ކުރުމުން ސަވާބުހުރި ސުންނަތެކެވެ. މިވިސްނުމުގައި އަޅުގަނޑު ސަހަރާއަށް ދިޔައީ އެދުވަހު ދޭއްޖެހިއިރު ޓީވީއެމުން ކީޚަބަރުތައް އަޑުއަހާފައެވެ.

އަޅުގަނޑުވެސް ސަހަރާއަށް ދިޔައީ އެތަނަށް ވަޑައިގެންނެވި މަތީފެންވަރުގެ އިއްޒަތްތެރިން ވެސް ވަޑައިގެންނެވި ބީދައިންނެވެ. މިނޫންއެހެން އެއްވެސް މަގްސަދެއް ނެތިއެވެ. ސަހަރާއިން ބައްދަލުވި އެންމެންނާއި އެއެންމެންނާ ދެއްކިފައިވާ ވާހަކަަތައް މުޅިއުމުރަށް ބިމުއަޑީގެ ބިންގަރާސް ގޮޅިއެއްގައި ފުރާނަދަންދެން ބޭއްވިއަސް އަޅުގަނޑަށް ބުނެދޭކަށް ނޭންގޭނެއެވެ.

އަޅުގަނޑާއި ބައްދަލުވި މީހުންނާއި ދެއްކިވާހަކަތައް ތިޔަބަޔާނުގައި މިހާރުލިޔެވިފައި ފެންނަން އެހެރީއެވެ. ވާހަކަދެކެވިފައި ހުންނާނީ މައްޔިތާއަވަހަށް ވަޅުލުމުގެ މައްޗަށެވެ. މީގެއިތުރުން އަޅުގަނޑުގެ ހަނދާނުގައި އެހެން އެއްވެސް ވާހަކަތަކެއް ނެތެވެ. ޖަލުގެ ނާމާންކަމާއި އަނދިރީގައި އަޅުގަނޑު ބައިންދައިގެން މަރާލިޔަސް މީނޫންއެއްޗެއް ބުނާކަށް ނޭނގޭނެއެވެ. މިހާ ހިސާބުން ނިމުނީއެވެ. ދެންބުނާނެ ބަހެއްނެތެވެ. އަލިފްހާ!

އާދެ! ދެންއޮތީ އަޅުގަނޑުގެ އިލްތިމާސެވެ. މިއަދުގެ އިލްތިމާސަކީ، މިއަނިޔާތަކުން އަވަހަށް ސަލާމަތްކޮށް ދިނުމެވެ. އަދި ކުރީދުވަހު ތަހުގީގުކުރުމަށް ތިއްބެވި ރާއިދު މެންނަކީ، މިފަދަބޮޑު ތަހުގީގެއް ކުރުމަށް، އަޅުގަނޑު ދެކޭގޮތުގައި ބައިތިއްބައިގެން ވާވަރުގެ ޖޯޑެއްނޫނެވެ.

އެމީހުންއެތިބީ ޖާސޫސުކުރުމާ އެކު މަގުމައްޗާ ހަމައިން ފެއިލްވެފައެވެ. އެއީ އަމިއްލައަސް ބޭޒާރުވެފައި ތިބިސިފައިންނެވެ. މަގާމުން ވީހާއަވަހަށް ބޭރުކުރާށެވެ. އެމީހުންނާ ހަވާލުކުރެވުނު މަސައްކަތް އެންމެފުރިހަމަކޮށް ނުކުރެވުނުތާ އެތިބީ ފަޅާއަރައި އަޅުގަނޑުމެން ކުރިމަތީގައި އޮރިޔާން ވެފައެވެ. އެދުވަހު ސުވާލުކުރަން އިންނެވި ރާއިދާއި އަނެއްކުއްޖަކީ، މުޅިރަށުތެރޭގައި ޖާސޫސުކުރާށާއި ސިޔާސީ މީސްމީހުންގެ ފަހަތުން، މޫވީކޮށް ފޮޓޯނަގަމުން ދުވިމީހުންނެވެ.

އަޅުގަނޑު ކުރިމަތީގައި އެފަދަ ފެންވަރެއްނެތް ބަޔަކުލައްވާ ސިފައިންގެ ޒިންމާދާރު ވާޖިބުތައް އަދާކުރުވައިގެން ނުވާނެއެވެ. ރާއިދު އަތުގައި އަޅުގަނޑުގެ ފަހަތުންނާއި ކުރިމަތިން ވަގަށް ނަގާފައިހުރި ބައިވަރުފޮޓޯތައް ހުންނާނެއެވެ. ތިޔަބޭފުޅުންގެ މަތީވެރިޔާ ކަމުގައިވާ، އާދަން ޒާހިރަށް މިވާހަކަތައް ދަންނަވާށެވެ. އެހާދަށް ފެންވަރުގެ ކުދިން، އެހާ އިސްކޮށް ގެންގުޅުއްވާތީ އަޅުގަނޑު އަޖައިބު ވެއްޖައީމެވެ. ޖާސޫސުކުރެވޭނީ އެކަމަށް ފުރިހަމަ ޓުރޭނިން ލިބިގެންނެވެ. މިވައްތަރު ފޭކުން ނެރުނީމާ އަމިއްލައަށް ބޭޒާރުވުން ނޫންކަމެއް ނުވާނެއެވެ. އަދި މިކަހަލަ ކަމެއް، އާދަން ޒާހިރާއި އިބްރާހީމް ލަތީފުމެން ކިޔަވައިގެން ތިއްބެވިބޭފުޅުން އިސްކޮށް ތިއްބަވައިގެން ކޮށްފާނެއޭ ދުވަހަކުވެސް ހިތަށްނާރައެވެ.

މިފަދަ ފެންވަރެއްގައި ތިބި،އެގުރާޖޯޑު ތިޔަބޭފުޅުން އަޅުގަނޑުމެން ޖާސޫސުކުރުމަށް ގެންގުޅުއްވާތީ އަޅުގަނޑު އަޖައިބުވެ އަންތަރީސް ވަމެވެ. އެގުރާޖޯޑު މާލެތެރޭގައި ގަންނަގަނޑު އަޅުގަނޑު ދަންނަމެވެ. އެހެންވެ މިވާހަކަ މިއަދުގެ އިލްތިމާސެއްގެ ގޮތުގައި ދަންނަވާލީއެވެ. މިހާހިސާބަށް އަޅުގަނޑުގެ ވާހަކަތައް ދިއުމުން ހަލީމް އައްސަވައިފިއެވެ.

އެދުވަހު އިލްޔާސް އަތުން ބަޔާނެއް ނެގިތޯއެވެ؟ ވަގުތުން އަޅުގަނޑު ޖަވާބުދިނީމެވެ. އެޖޯޑަށް އަޅުގަނޑު އަތުންނެގޭނެ ބަޔާނެއް ނޯންނާނެއެވެ. އެމީހުން ގަދަބާރުން ބަޔާނެއް ނަގަންއުޅުން ނަމަވެސް އެކަމެއް ނުވީހެވެ. ބަޔާނެއް ނުދިނީމުހެވެ. ސުވާލުކޮށް ކޮށްފައި ރުޅިއައިސްގެން އަޅުގަނޑު ފޮނުވާލީއެވެ. ފަހުން ބަޔާނެއް ނަގަން އޭނައަށް އުޅޭން ނުކެރުނީއެވެ. ނުވަތަ އަޅުގަނޑު ދެއްކި ވާހަކަތައް ތިޔަބޭފުޅާގެ މަތީމީހާއާ ހަމައަށް ގޮސްގެން ރާއިދުގެ މަސައްކަތުން ރާއިދުބޭރުކުރީ ކަމަށްވުންވެސް އެކަށީގެން ވެދާނެއެވެ. އޭނާއަކީ ތިޔަބޭފުޅުން ގެންގުޅޭވަރުގެ ސޮރެއްނޫނެވެ.

އަޅުގަނޑަކީ އަބަދުވެސް ޖަލުގައިހުންނައިރު ބައެއްވިސްނުންތައް ތިޔަބޭފުޅާގެ މަތީވެރިޔާއަށް ވެގެން ވިސްނާހަދާ މީހެކެވެ. އަދިބައެއްފަހަރު ރައީސް މައުމޫނަށް ވެގެންވެސް ބަންދުގައިތިބި މީހުންނަށް ހަދާނެގޮތަކާމެދު ވިސްނާހަދަމެވެ. ގައުމަށް ގެނެވޭނެރަނގަޅުކަންކަމާ މެދުއަބަދުވެސް އެކަނިހުރެގެން ވިސްނަމެވެ. ސިކުނޑީގައި އަބަދުވެސް އެނބުރެނީ އެކަންކަމެވެ. އޭރުން ޖަލުގައި ހުރުމަކީ އުފަލަކަށް ބަދަލުވެއެވެ.

އޭރުން އަޅުގަނޑާ މެދުއަންނަމުންދާ ހުރަސްތަކުން ގިރާކުރަން ފަސޭހަވެއެވެ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ މިވާހަކަތަކަށް ފަހު، ރާއިދަށް މިހާރުއެއުޅުއްވާ ފެންވަރުގައި ނޫޅުއްވޭނެ ހެންނެވެ. ކޮންމެއަކަސް އަޅުގަނޑުހުރީ އެޖޯޑަށް ބަޔާނެއް ނުދޭންނިންމައި ގެންނެވެ. މިހާރު މިހުންނަނީ އެބައި ހުއްޓިގެން ދިއުމުން ވަރަށްއުފާކޮށް ކޮށެވެ.

މިވާހަކަތަކަށް ފަހު، ހަލީމް ހެއްދެވި އެއްޗަކީ، އަޅުގަނޑު ދެއްކިވާހަކަތައް ރަފްކޮށް ލިޔެލާފައި ރަފްބަޔާނެއްގެ ގޮތުގައި އޭގައިސޮއި ކުރުވުމަށް ފަހު ނެރެގުދަނުގައި އަނެއްކާވެސް ބޭންދީއެވެ. ދެން އިރުކޮޅަކަށް ފަހު، ފެރީގެކެޕުޓަން އަނެއްކާވެސް ވެއްދިތަން ފެނުނެވެ. ދެން އިރުކޮޅަކަށް ފަހު، ވެއްދީ އަޅުގަނޑެވެ. އޭރު ފެރީޑުރައިވަރު އެތެރޭގައި ބައިންދާފައި އިނެވެ. އަޅުގަނޑު މިވެއްދީ، އަޅުގަނޑު އެދިފައި އޮތުމުން، ފެރީކެޕުޓަނާ އެއްހާޒިރު ކުރުމަށެވެ. ފެރީކެޕުޓަނަށް އަޅުގަނޑު ފެނުމާއެކު އޭނާގެމޫނުމައްޗަށް ހިނިތުން ވެރިވެއްޖެއެވެ. ހަލީމް އައްސަވައިފީއެވެ. އިލްޔާސް ބުނަނީކީކޭ ހެއްޔެވެ؟ އެދުވަހުގެ ހައެއްގެ ފެރީދުއްވީ މިއިންނެވި ބޭފުޅާއެވެ.

ދެން އަޅުގަނޑު ދަންނަވައިފީމެވެ. ހަމަގައިމުވެސް އަޅުގަނޑު ހުޅުމާލެއަށް ގެންދިޔައީ މީނާއެވެ. ޔަގީންވާނީ އޭނަހީލީމައެވެ. އަދި އެނާގެދަތްތައް ފެނުނީމައެވެ. އޭނާގެ މެދުދެދަތް ބިނދިފައި ހުންނާތީ، އޭނާހީލީމާ ވަރަށްމަޖާ ވާނެއެވެ. ފެންނާނީ ވަރަށްމަޖާކޮށެވެ. އަޅުގަނޑު މިހެންބުނެ ނިމޭއިރަށް އޭނާގާތަށް ވަރަށްބޮޑަށް ހިނިއަތުވެއްއެވެ. އެންމެންނަށް ވެސް ފެރީކެޕްޓަންގެ ހިނިތުންވުމާއި ހީލެއްވުން ފެނުމުން އޭނާގެދަތްތައްހުރީ އަޅުގަނޑު ކިޔައިދިން ގޮތަށްކަން ކަށަވަރު ވެއްޖެއެވެ.

އަޅުގަނޑު ދޯންޏަށް އަރުވަންވެގެން ދޯނިދުއްވާލި ފަހުން ދޯނިގެ ފަހަތްކޮޅު ތޮށިގަނޑާ ކައިރިކޮށް ލުމުން ދޯންޏަށް އަޅުގަނޑުއެރީ ތޮށިގަނޑުމަތިން ފުންމާލައިގެން ކަމަށް އަޅުގަނޑު ދެންނެވުމުން ވިސްނާލާފައި ފެރީކެޕުޓަން ބުނުއްވަނީ، ތީގެދެމީހުން އުޅޭދޯއެވެ؟ އަނެކަކީ ޕިކަޕްއެދުއްވާ މީހާދޯއެވެ. ދެން އަޅުގަނޑު ތަހުގީގުޓީމަށް ދަންނަވައިފީމެވެ. ކެޕުޓަން އެބުނުއްވަނީ އަޅުގަނޑުގެ ކޮއްކޮ ހަންދުގެ ވާހަކައެވެ.

ދެން ފެރީކެޕުޓަން އާއެކޭ ދަންނަވައި އޭނާއެދުވަހު ގެންދިއައިމޭ އެންމެންގެ ކުރިމަތީގައި ދަންނަވައިފިއެވެ. އަޅުގަނޑު އެގަޑީގައި ހުޅުމާލެއަށް ގެންދިޔަކަމަށް އެއްބަސް ވެއްޖެއެވެ. އަދި މީގެއިތުރަށް އޭނާބުންޏެވެ. އެހެނަސް އަށެއްގެފެރީ ދުއްވީ ތިމަންނާއެއް ނޫނެވެ. އިލްޔާސް މަލެގެނައީ އެހެންމީހެކެވެ. ތިމަންނާއެއް ނޫނެވެ.

އަދި އެފެރީއަކީ ހަމަތިދޯނި ކަމުން ރޭޑިޔޯ އަޅުވައިދިނީ ވެސް އެދޯނިދުއްވަން އިންމީހާއެވެ. ތިމަންނާއެއް ނޫނެވެ. އިލްޔާސް ތިބުނުއްވާ ޚިތާބެއް އެއްސެވިކަމެއް ތިމަންނާއަކަށް ނޭނގެއެވެ. އެދޯނީގެ ކެޕްޓަން ކައިރިން އެވާހަކަ އައްސަވާށެވެ. ދެން މިއަދުގެ ތަހުގީގު މިހާހިސާބުން ނިންމާލީއެވެ. ދެން މެންދުރު، 12:30 ގައި ތިބޭގޮޅިއަށް ގެނެސްވައްދައި އަނެއްކާ ވެސް ތަޅުލީއެވެ.

23 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 33 ވަނަ ދުވަހެވެ. ރޭގެގަދަ ނިދީގައިއޮއްވާ ހުވަފެނުގައި ފެންނަނީ އަޅުގަނޑުމެންގޭގައި އަޅުގަނޑު ކުޑައިރު ވެލިއްސަރަށާއި ވާދުއަށްދާން ބައްޕަ ގެންގުޅުއްވި ކުޑަދޯނީގައި ފައްސިޔައަށް ރިޔަލުގައި ވައިއަޅުވާލާފައި ވާދޫކަނޑުގައި ދުއްވާލާފައި އައިސް މާލޭގެ މަގުތަކުގައިވެސް މަޖީދީމަގުން، އޯކިޑްމަގުން ދުއްވާލާފައި ބާރަށްދާތަނެވެ. އެންމެންގެ ތާއީދާއި ރުހުމާއިސާބަހާ އެކުގައެވެ. ޓުރެފިކް ލައިޓެއް ކައިރިޔަށް މަޑުކޮށްލިތަނާ އަންހެނުން، ރުކްސާނާގެ ފޯނެއް އައިސްގެން އެފޯނުގެ ޖަވާބުގައި ވަރަށް އަވަހަށް ގެއަށް އާދެވިދާނޭ ކުދިވެރިންނާ ބައްދަލުވެދާނޭ ބުނިތަނާ ހޭލެވުނީއެވެ.

މިހުވަފެނުގެ ތަޢުބީރެއްގެ ގޮތުގައި އަޅުގަނޑު ނިންމީ މިއީ ވަރަށްމާތް ހުވަފެނެއްކަމަށެވެ. ނުބުއްވަތުގެ ބައިކުޅަބައި އެކުލެވޭ ހުވަފެނެއްކަމަށެވެ. ބޮޑެތި ބިރުވެރި ތަހުގީގު މަރްހަލާތައް ނިމިފައި ވަނިކޮށް މިފެނުނު މަންޒަރުތަކުން ސާފުވާއެއްޗަކީ ޝަރީޢަތާ ހަމައަށް ނުގޮސް މިކަންތަކުން ސަލާމަތްވާނެ ކަމެވެ. އަޅުގަނޑުގެ އެންމެބޮޑު ދުޢާއަކީ ވެސް މިއީއެވެ. މިދުޢާއަކީ އަބަދުވެސް އަޅުގަނޑު ކުރަމުން ގެންދިޔަ ދުޢާއެކެވެ. މިއަދު ވަރަށް އުފާވެރިއެވެ. މިހުވަފެނުން ވަރަށް ބޮޑަށް ހިތްހަމަ ޖެހުނެވެ.

މިކަންތައް ގަނޑަކީ، އަޅުގަނޑުމެން ސިޔާސީގޮތުން ނަގާކިޔާ މީހުންތައް ހިފާހައްޔަރު ކުރުމަށް ރާވައިގެން ހިންގި މާސިންގާ ސިޔާސީ ކަންތައް ގަނޑެއްކަން އަޅުގަނޑުގެ ހިތުގައި އަބަދުވެސް ވަޅުޖަހާފައި އޮވެއެވެ. މިވީވެސް ހަމައެހެންނެވެ. އަނެއްކާވެސް މިރޭވުންގަނޑު ތެރެއިން ވެރިކަމުގެ ދައުރެއް ކާމިޔާބުކޮށްލީއެވެ. ކަންތަށް ވެފައިހުރި ގޮތަށާއި އަޅުގަނޑައި ރާއިދުމެން ކުރިސުވާލުތަކުން މިއީ އަޅުގަނޑަށް ކަށަވަރު ކުރެވިފައިވާ ކަމެކެވެ. މިއީ ހަގީގަތެއް އެކުލެވޭ ކަމެކެވެ. މިކަން ޔަގީންކޮށް ދެވޭނީ އާދަމްޒާހިރަށެވެ. ޖަލުންމީހަކު މަރާލުމާއި ޖަލުގައި ބަޑިޖެހުމަކީ، ސިޔާސީ ރޭވުންގަނޑެއް މިޙާދިޘާގެ ފަހަތުގައި ފޮރުވިފައިވާ ކަމެކެވެ. އާދެ، ސިޔާސީ ބޮޑުރޭވުމެކެވެ.

24 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 34 ވަނަ ދުވަހެވެ. މިއަދު އުޅެން ޖެހުނީ، ގަޔަށްތަދުވާތީއެވެ. ޚާއްސަކޮށް އޮށޯވެއޮވެފައި އެނދުން ތެދުވާވަގުތު ވަރަށްތަދުވެއެވެ. ކުރާނެކަމެއް ނެތުމުން ކުރަންފެށިކަމަކީ، ހަތްފަހަރު އަލްޙަމްދު ސޫރަތްކިޔާފައި ތަދުވާ ދިމާއަށް ތިންފަހަރު ފުމެލަނީއެވެ. ނުފުމުވޭ ހިސާބަކަށް ތަދުވާނަމަ، ކަނާއަތަށް ފުމެލާފައި އެއަތުން އެހިސާބެއްގައި ފިރުމާލާ ހަދަނީއެވެ. ދެން ކިޔަވާއާޔަތަކީ ކުރުސިއެވެ. ކުރުސިވެސް ކިޔަނީ ހަމަމިގޮތަށް، 7 ފަހަރުއެވެ. ނުވަތަ، 11 ފަހަރުއެވެ. ދެން ކިޔާއުޅުނީ އަޅުގަނޑު ކިޔަވަންއުޅުނު ދުވަސްވަރު ދަސްވެފައިވާ، ތަދުވާތަންތަނަށް ކިޔުމަށް ވާރިދުވެފައިވާ، “އަޢޫޒުބިއްލާހި މިންޝައްރި މާއަޖިދު ވައުޙާޟިރު” މިދުޢާއެވެ. ކިޔަނީ، 7 ފަހަރުއެވެ.

ދެންތިންފަހަރު ފުމެލަނީއެވެ. މިކަންކުރަން ފެށިފަހުން، ﷲގެ އިރާދަފުޅުން ތަދުކެނޑެއެވެ. ހަމަޖެހިލައިގެން އުޅެލެވޭވަރު ވެއެވެ. އަރާމުލިބެއެވެ. ފަހުން އަނެއްކާވެސް ތަދުއެރިމާ ތަކުރާރުކޮށް މިކިޔެވެލީގައި ހިފާއްޓާލަނީއެވެ. މިއީ އަޅުގަނޑު ތަޖްރިބާކޮށް ފައިވާ، މުޖައްރަބު ކަމެކެވެ. ތަނަކަށްތަދުވެ ބޭހުގެފަރުވާ ވަގުތުން ލިބެންނެތްނަމަ މިކަންތައް ހެޔޮނިޔަތާއެކު ކުރެއްވުމުން، ﷲ ޝިފާދެއްވާނެއެވެ.

25 އޮކްޓޯބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 35 ވަނަ ދުވަހެވެ. ރޭގައިނިދާފައި އޮއްވާ، 11:00 އެހާކަންހާއިރު، ގާޑަށްހުރިކަލޭގެ ދޮރުހުޅުވާ ލުމަށްފަހު ޓަކިޖަހާލިތަނާ ހޭލެވުމުން އޭނާ ސަލާންގޮވާލާފައި ބުންޏެވެ. މާދަމާރޯދައަށް ވެއްޖެއެވެ. މިރޭހާރުކާން ގެންނާނީ ކޮންއެއްޗެއް ތޯއެވެ؟ މެންދުރާ ރޭގަނޑަށް ގެންނަގޮތަށް ގެނައުމުން ރަނގަޅުވާނޭ ބުނީމާ އޭނާދިޔައީ ލިސްޓެއް ނަގައިގެންނެވެ. މޭވާގެންނާނީ ރޯދަވީއްލާއިރު ކަމަށް ބުނީމެވެ. ހާރުކެއުމަށް އިތުރުކުރީ، ޝުގަރފްރީ ޔޯގާޓް ތައްޓެކެވެ. މާލަސްތަކެއް ނުކޮށް ގާޑްމިކަންތައް ނިންމާލާފައި ލިސްޓްހިފައިގެން ހިނގައްޖެއެވެ.

ކުއްލިއަކަށް ހީކޮށްގެންތިބި ގޮތާޚިލާފަށް ހަނދުފެނުނީމާ، ކުޑަކޮށް އަޖައިބުވިއެވެ. އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިއޮތީ، ރަމަޟާންމަހު އެކަކަށްވާނީ، 27 ވާހޯމަކަމަށެވެ. އަޅުގަނޑުމެން ތިބީވެސް މިގޮތަށް ނިންމައިގެންނެވެ. އެހެނަސް މުލަރޯދައަށްމިވީ، 26 ވީއާދީއްތަ ދުވަހެވެ. ދެން ނިދޭގޮތެއް ނުވިއެވެ. ހާރުކައިގެން ނިދަންނިންމައިގެން ކިޔަވަން އިނީއެވެ. 12 ޖަހައިފިއެވެ. އެކެއް ޖަހައިފިއެވެ. ހާރުކެއުމެއް ނާދެއެވެ. ދެންވެސް ނުނިދާ ހާރުކެއުން ގެނޭތޯހޭލާ ކިޔަވަން އިނީއެވެ. ގާޑްހޯދާހޯދާ އޭނާވީތަނެއް ނޭނގުނެވެ. ދޮރުގައި ތަޅައިގެން ވެސް ހިލަމެއްނުވިއެވެ.

މުލަރޯދައަށް ޖަލުހާރުއެއުން ގޯސްވެގެން ޖަލުގެ ދެބުރީގައި ގައިދީން ހަޅުތާލުކުރުން:

މިހެންއިންދާ، ދެގޮލައަކު އައިސް އަޅުގަނޑުގެ ގޮޅީގެ ދޮރުގައި ހުރިބިއްލޫރި ކޮޅުގައި ބޭރުން ތަތްކޮށް ފައިހުރި ކަރުދާސްތައް ވިދާލާއި ނައްޓާލައިފިއެވެ. މިކުދިންތައް ކަރުދާސްތައް ނައްޓާލާފައި އަވަހަށް ނުކުންނާށޭ، ކިޔާފަ އަތުން އިޝާރާތް ކުރަންފަށައި ފިއެވެ. ދެން އެނދުން ތެދުވެގެން އައިސް އަޅުގަނޑު ބުނެފީމެވެ. މަތިންތަޅުދަނޑި ލިބިގެންނޫނީ ނުހުޅުވޭނެއެވެ. ދޮރުފަތުގައި އިންގޮބު އަނބުރައަނބުރާ ވެސް މިކުދިންނަށް ހުޅުވޭނެގޮތެއް ނުވިއެވެ.

ދެން ދޮތުފަތުގައި ފައިންތަޅަތަލާފައި މިދެކުދިން ޖެނީމެންނާއި ނިއްޓިމެންނާ ވާހަކަތަކެއް ދައްކާހަދާފައި މައްޗަށް އަރައިގެން ހިނގައްޖެއެވެ. ދެން ވެސް އިރުއިރުކޮޅާ އެކިކުދިން މަތިންފައިބާ ހަދައެވެ. އެކިއެކި ތަޅުދަނޑި ފަތިތައް ގެނެސް އަޅުގަނޑުމެންގެ ގޮޅިތަކުގެެ ދޮރުުތައް ހުޅުވޭތޯ ބުރަމަސައްކަތް ކުރަމުން ގެންދެއެވެ.

ބިއްލޫރިކޮޅުގައި ތަތްކޮށްފައިހުރި ކަރުދާސްތައް ނެއްޓުމުން މިހުރިހާ މަންޒަރެއް އަޅުގަނޑަށް ރީއްޗަށްފެނެއެވެ. ވެގެން މިއުޅޭގޮތެއް ސާފުވީ އިރުކޮޅެއް ފަހުންނެވެ. މިކުދިވެރިން ބާރުބާރަށް މިވާހަކަތައް ދައްކަން ފެށުމުންނެވެ. މަތީބުރީގައި، ގްރައުންޑްފްލޯގައި ހުންނަބޮޑު ގޮޅީގައިތިބި މީހުންނަށް ހާރުކާންގެނެސް ގޮޅިއަށް ވެއްދުމުން، ކެއުންގޯސް ވެގެންނޭ ކިޔާފަ ހަޅުތާލުހަދައި ގާޑުގައިގާ ތަޅައިގަނެ މިވެރިންގޮޅިން ނުކުމެ ދެންހުރިގޮޅިތަކުގެ މީހުން އެގޮޅިތަކުން ނެރުނީއެވެ.

ތިރީބުރީގެ ތަޅުދަނޑިތައް މިވެރިންނަށް އުޅެއުޅެވެސް ނުފެނުނީއެވެ. މަތީގައި ތިބި ހުރިހާ ކުށްވެރިން ދޮރުތައް ހުޅުވައިގެން ނެރުނީއެވެ. ކާންދޭންހުޅުވި ވަގުތުތަޅުދަނޑި ފަތިވެސް ދަމައިގަތީއެވެ. އެއަށްފަހު މިދެބައި ގައިދީންގެ ކޮންޓްރޯލް ދަށަށްގެނައީއެވެ.

ތިރީގޮޅިތަކުގެ ތަޅުދަނޑިފަތި ނުފެނިގެން އެކަކަށް ވެސް ނުކުމެވޭގޮތެއް ނުވިއެވެ. މިމީހުންތައް ތިރިއަށް އައިސް ވާހަކަދައްކާއި އެއްޗެހިދީ ހެދިއެވެ. މިގޮތަށް ދޭއްޖެހީއްސުރެ ތިންގަޑިބަޔަށްވުރެ ބޮޑުވަންދެން މިވެރިން މިތާތެރޭގައި އުޅުނެވެ. އެއްވެސް ސިފައިންގެ ބޭކަލެއް ނުފެނެއެވެ. ސިފައިން މަސައްކަތް ކުރަމުންގެންދަނީ މިވެރިންނާ ވާހަކަ ދައްކައިގެން ގޮޅިއަށް ލެވޭތޯއެވެ. ސިފައިންގެ މަސައްކަތުން މިވެރިން ގޮޅިތަކަށް ވައްދާއި އަޅުގަނޑު މެންނާ ބަހެއް ބުނެވޭވަރުވީ ފަތިހު ހަތަރެއް ޖެހިފަހުންނެވެ.

ކާނެއެއްޗެއް ގެނެވޭވަރުވީ ފަހެއްޖަހަން ފަނަރަވީފަހުންނެވެ. އަޅުގަނޑަށް ގެނެސްދިނީ އޮފިސަރުންގެ ކެއުމެވެ. ވަރަށް ރަނގަޅަށް ހުއްޓެވެ. އޮރެންޖަކާއި އާފަލެއްވެސް އޮތެވެ. ކައިނިމުނުއިރު ބަންގިގޮވާ ނިމެނީއެވެ. އަޅުގަނޑު ހެދިގޮތަކީ ބަންގީގެކުރިން ހާރުކާންފެށިފައި ވުމުން ރަނގަޅަށް ކައިނިންމާލީއެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ މިހާލަތުގައި ހުއްދަކަމެކެވެ. ހާރުކައި ނިމިގެން ވުޟޫއުކޮށް ފަތިސްނަމާދު ކޮށްގެން ނިދަންއޮށޯތީއެވެ. ފުރަތަމަ ރޯދައަށް ފަށައިގަނެވުނީ މިފަދަހާލެއްގައެވެ.

26 އޮކްޓޯބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 36 ވަނަ ދުވަހެވެ. ރޭގައިހާރު ކައިނިމުނީ ބަންގިއާ އެކުގައެވެ. މިއަދަކީ މުލަރޯދަ ދުވަހެވެ. ބަޑުފައިވާ ގޮތެއްނުވެއެވެ. ކިޔަވާއި ނަމާދުކޮށް ހަދާލުމުން މިއަދު ދިޔަގޮތްވެސް ނޭނގުނެވެ.

ރޯދަވީއްލުން ބަންގީގެ ފަސްމިނެޓްކުރިން ގެނެސް ގޮޅިއަށް ވެއްދީމާއި ރޯދަވީއްލަން ޖެހުނީގުޑް އައިސް ބުނުމުންނެވެ. ބަންގީގެއަޑެއް ބިންގަރާހަކަށް ނީވެއެވެ. ފާޑަކަށް ސައުންޑްޕްރޫފް ތަނެކެވެ. ނަމާދު ވަގުތުވެސް ބަލަނީ ގަޑިންނެވެ. ރޯދަވީއްލުން ގެނެސްފައި ހުރިލެއް ވަރަށް ރަނގަޅެވެ.

27 އޮކްޓޯބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 37 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. ކިޔަވަން ގޮޅީގައި އިނީއެވެ. ޢިޝާނަމަދަށް ފަހު ތަރާވީޙު ނަމާދުކުރަމެވެ. ކުރަނީ، 8 ރަކްޢަތެވެ. ދެން ވިތުރިއެވެ. ތިންރަކުއަތް ކުރަމެވެ.

28 އޮކްޓޯބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 38 ވަނަ ދުވަހެވެ. ރޭގަނޑު ތަރާވީހް ނަމަދު ނިންމާލައިގެން ކާއްޑައާއި ޖެނީއާއި އަޅުގަނޑާއި ނިއްޓިއާ އެންމެން ވާހަކަދައްކަން ތިއްބާ، ގާޑަކުއައިސް މިރޭ، 10:30 އަށް އަޅުގަނޑާއި ޖެނީއާދެމިހުންނަށް ތަހުގީގަށް ވެލާނާގެއަށް ދިއުމަށް ތައްޔާރުވެގެން ތިބުމަށް އަންގައިފިއެވެ.

ބަރާބަރު އެގަޑިއަށް އަޅުގަނޑުމެން ދެމީހުންބަލާ އަތުވެއްޖެއެވެ. ގޮޅިންނެރެގެން ސިފައިންގެ ޖީޕެއްގެ ފަހަތުސީޓުގެ ބިއްދަށުގައި އިންނަ ކުޑަދެސީޓަށް ޖީޕުގެފަހަތުދޮރު ހުޅުވާފައި އަޅުގަނޑާއި ޖެނީ އާދެމީހުން އެރުވައިފިއެވެ. ޑުރައިވަރު ކައިރިއަށާއި ޖީޕްގައިދެންހުރި ފަހަތު ސީޓަށްއެރީ ސިފައިންނެވެ.

އަޅުގަނޑާއި ޖެނީއާ ދެމީހުން ހަމަޖެހިލައިގެން ވާހަކަދައްކަން ތިއްބާ، ވެލާނާގެއަށް ގެނެސް ބާލައިފިއެވެ. މިރޭ ގުދަނަށް ނުވައްދާ ގެންގޮސް ވެއްދީ، 1 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. އެތާއެކަކުވެސް ނެތެވެ. ހުރީހުހަށެވެ. އަޅުގަނޑާއި ޖެނީއާ އެކޮޓަރީގައި ބައިތިއްބާފައި ނަޢީމް ހިންގައެޖެއެވެ. ތަންކޮޅެއް ލުއިވީއެވެ.

ވާހަކަ ދެއްކުން ވެސް މަނަލެއްނޫނެވެ. ވަރަށް މަޖަލެވެ. ލޯތްބެވެ!! މިރޭ އަޅުގަނޑު މެންނަށް، ކަންތައް މިކުރަނީ ވަރަށް ރަނގަޅަށެވެ. އަޅުގަނޑުމެން ބޭނުންވަރަކަށް އެކަކުއަނެކަކަށް ވާހަކަދައްކަން އޮތީދޫކޮށް ލާފައެވެ. އެހެން ފަހަރުތަކުހެން މަނާކަންތަކެއް ނެތެވެ. މިކޮޓަރިހުރީ އެއަރކޯން ޖައްސާފައެވެ. ފިނިކޮށެވެ. ހަމަހިމޭން މަޖާ،އަދި އުފާވެރި ވަގުތު ކޮޅެކެވެ.

ފުރަތަމަ ތަހުގީގަށް ވެއްދީ، އަޅުގަނޑެވެ. އަޅުގަނޑު ގެންގޮސް ވެއްދީ، 3 ނަމްބަރު ތަހުގީގުކޮޓަރި އަށެވެ. ތަހުގީގު މޭޒުގައި އިސްކޮށް އިންނެވީ ހަލީމާއެކުގައި މިތަހުގީގުގައި އިސްކޮށް އުޅުއްވާ ލޮޔަރ ބަޝީރެވެ. ދެން ތިއްބެވީ، އެފެންވަރުގެ އިތުރު ދެސިފައިންނެވެ. ދެން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމުގައިވާ، ނ.އަތޮޅު މެންބަރު އަލިބެއާއި ގދ.އަތޮޅު މެމްބަރު އިއްޒަތު ސިދްގީއެވެ.

ދެން ބަންޑާރަނައިބު އޮފީހުން އަލަށްމިރޭ އެކަނިފެނުނު ބޭފުޅެކެވެ. މީނާއަކި ވަރަށް މައްޗަށް ކިޔަވާވިދާޅުވެގެން ހުންނެވި ޢަރަބިބަސް ވެސް ދެނެލައްވާ ބޭފުޅެކެވެ. މިސްރުގައި ކިޔަވާވިދާޅުވަން އުޅުއްވިކަމަށް ވެއެވެ. އަދި ގުރްއާން ހިތުދަސް ބޭފުޅެކެވެ. ވާހަކަދެއްކެވުމުގައި އަޅައިގަންނަ ކަހަލައުނދަގޫ ގޮތެއްހުންނަ ބޭފުޅެކެވެ. މިބޭފުޅާ އަޅުގަނޑު ވަރަށް ރަނގަޅަށް ދަނެއެވެ. އެހެނަސް އަޅުގަނޑު މިބޭފުޅާ މީގެކުރިން ނުދަންނަމެވެ.

މިވާހަކަތައް ލިބުނީ ސިފައިންގެ ފަރާތުންނެވެ. އަޅުގަނޑަށް ހީވަނީ މިބޭފުޅަކީ، އައްޑުއަތޮޅު ހުޅުދޫ އަލްއުސްތާޒް އަބްދުﷲ ސަޢީދު ހެންނެވެ. ތަހުގީގު ކޮޓަރިއަށްވަދެ ހަމަޖެހުމުން، ބަޝީރު އަޅުގަނޑުގާތުން އެއްސެވީ އިލްޔާސް އިތުރަށް ވިދާޅުވާނެ އެއްޗެއް އެބައޮތްތޯއެވެ؟ އަޅުގަނޑު ދެންނެވީމެވެ. ތަހުގީގުޓީމު ބަދަލުވެފައި އޮތިމާ ތިޔައިއްޒަތްތެރި މެންބަރުންނަށް އަޅުގަނޑުގެ ބަޔާންތައް ވިދާޅުވެލައްވަން ލިބިފައި ނެތިއްޔާ މިހާތަނަށް ދެކެވުނު ވާހަކަތަކެއް އަދި ވީނުވީއެއް އެނގިއެއް ނުލައްވާނެއެވެ.

މިރޭގެ ތަހުގީގުން ހަލީމު ފެންނާކަށް ނެތެވެ. އެހެނަސް ބަޝީރު އިންނެވީމާ މާގިނަ ވާހަކަތަކެއް އަޅުގަނޑު ނުދެއްކިޔަސް ފަރުޖެހި ދާނެއެވެ. ހަލީމާއި ބަޝީރަކީ، އަޅުގަނޑުގެ މިތަހުގީގު ފެށުނީއްސުރެ އިސްވެ ތިއްބަވައިގެން ހިންގެވި ދެބޭފުޅުންނެވެ.

އަދި މުޅިތަހުގީގު ހިންގެވީ މިދެބޭފުޅުންނެވެ. މިމައުލޫމާތު އަލަށް ވަޑައިގެންނެވި ބޭފުޅުންނަށް ދެންނެވުމަށް ފަހު އަޅުގަނޑުގެ ވާހަކަ ފަށައިގަތީއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަބްދުﷲ ސަޢީދުއާ މުޚާޠަބުކޮށް އަޅުގަނޑު ދެންނެވީމެވެ. ތިޔައިއްޒަތް ތެރިންގެ މައުލޫމާތަށް ދަންނަވަމެވެ.

އަޅުގަނޑު މިހާރުމިހުރީ ބަންދުގައި ބަހައްޓައިގެން މިގޮތަށް ތަޅުވަމުން ގެންގޮސް ބޮޑުއަނިޔާއަކަށް ބަދަލުވެފައެވެ. ހުންނަނީ ބިންގަރާހުގައި ހުންނަ ގޮޅިއެއްގައި ބަންދުކޮށްފައެވެ. ދުނިޔޭގެ ވައިރޯޅިއެއް އެގޮޅިއަކަށް ނުޖެހެއެވެ. ހުރިހާދިމާއަކުން ހުންނަނީ ބަންދުވެފައެވެ. ދުނިޔޭގެ އަލިކަމެއް ވެސް ނުލިބެއެވެ. މިހާލުގައި އިނދެ އަޅުގަނޑު މިހުރީ މުޅިންހަލާކު ވެފައެވެ. މުޅިހަށިގަނޑުގައި ރިހެއެވެ. ދެފަޔާއި ދެއަތް އައްސިވެއެވެ.

އެނދާދިމާ މަތީގައި ހަރުކޮށް ފައިހުންނަ ކެމެރާއިން މިހުރިހާމަންޒަރެއް ސިފައިން މޮނިޓަރކޮށް ބަލަމުން ގެންދެއެވެ. އެހެނަސް އަޅުގަނޑު އުޅެމުން ގެންދާހާލާމެދު އެއްފަހަރު ވެސް ސުވާލުކޮށް ލާފައެއް ނެތެވެ. ހަމްދަރުދީ ފާޅުކޮށްފައެއް ނެތެވެ. ބަލަނީ އަނިޔާ ކުރެވޭތޯއެވެ. އެމީހުން ބޭނުންވަނީ އަޅުގަނޑު މަރާލާށެވެ! ކޮންޓްރޯލް ރޫމްގައި ތިއްބަވާ ސިފައިންނަށް މިކަންއެނގޭނެއެވެ.

ދެފަހަރެއްގައި ގޮޅިތެރެއަށް މިހާރު ވެއްޓިއްޖެއެވެ. އެއްގޮތަކަށް ވެސް އަޅުގަނޑަށް ފަރުވާއެއް ނުދެއެވެ. އެމީހުން މިމަންޒަރުތައް ބަލާފައިނަގާނީ މަޖަލެވެ. ހީހީފާއި މަލާމަތްކުރާކަން އަޅުގަނޑަށް ވަނީއެނގިފައެވެ. ބައެއްގާޑުން މިވާހަކަ ދައްކައެވެ. އަޅުގަނޑު ގޮޅީގެ ރެކޯޑިންތައް ބަހައްޓާފައި ހުރިއްޔާ ތިޔަބޭފުޅުން، އެސީޑީތައް ގެނެސް ބައްލަވާށެވެ. އޭރުން އަޅުގަނޑު މިހަދަނީ ދޮގުނޫންކަން އެނގޭނެއެވެ.

މިއީ އަޅުގަނޑަށް ގަސްދުގައިދޭ އަނިޔާތަކެއްކަން ކަށަވަރެވެ. އެއްވެސް ކަމެއްސާބިތެއް ނުކުރެވުނެވެ. މާލެތެރޭގައި ހަމަނުޖެހުން އުފެއްދި މީހުންގެތެރޭގައި އިސްކޮށް އަޅުގަނޑު ހުރިކަމަށް ފޮޓޯއިން ފެންނަންހުރި ކަމަށް ބުނެހެދިއެވެ. އެހެނަސް އެބުނާފޮޓޯއެއް އަޅުގަނޑަށް ދައްކާއި ސުވާލުކޮށް ހަދާފައެއް ނެތެވެ. މިތަނުގައި ބަހައްޓައިގެން މުޅިންވެސް ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން ކުރީބޮޑެތި އަނިޔާއެވެ. މިއީ ގަސްދުގައި އަޅުގަނޑަށް ދައްކާއަނިޔާއެވެ.

ފަހެ، ގަސްދުގައި އިންސާނަކަށް އަނިޔާކުރުމަކީ ފާފަވެރިވާނެ ކަމެކެވެ. މިކަން ޢަރަބި ކަރައިން ކިޔަވާވިދާޅުވެގެން ތިއްބެވި ހާފިޒުން ދަންނާނެކަން ކަށަވަރެވެ. އަޅުގަނޑާ ކުރެވުނު ތުހުމަތުން އަޅުގަނޑު ބަރީއަވެއްޖެކަން ތަހުގީގަށް ސާބިތުވި ހިނދުން ފެށިގެން އަޅުގަނޑު މިފަދަ ގަދަަވޭނާއި އަނިޔާގައި ބަހައްޓަވައިގެން ނުވާނެއެވެ. އަޅޭތިޔައިން ބޭފުލަކު މިކަންދޮގުކުރައްވަން ކެރިވަޑައި ގަންނަވާނަމަ، ބަސްފުޅެއް ވިދާޅުވެ ބައްލަވާށެވެ. މިހާރުތިޔަ ކުރައްވާކަމަކީ، ގަސްދުގައި މީހަކަށް އަނިޔާދިނުމެވެ.

ފަހެ، ކުށެއްނެތް މީހަކަށް އަނިޔާކޮށްގެން ނުވާނެއެވެ. ކުށެއްނެތް މީހަކަށް ގަސްދުގައި އަނިޔާކުރުމަކީ ސީދާފާފަ ކުރުމެވެ. އަވަހަށް އަޅުގަނޑު މިނިވަންކޮށް ދޫކޮއްލަ ދެއްވާށެވެ. މީގެއިތުރުން އަޅުގަނޑު ދަންނަވާނެ ވާހަކައެއް ނެތެވެ. ދެން އިތުރުވާހަކަތައް ތިޔަބަޔާނުން އެނގިވަޑައިގަންނަ ވާނެއެވެ. 20 ސެޕްޓެމްބަރު ވަނަ ދުވަހު މާލެތެރޭގައި ހިންގިހަމަނުޖެހުމުގައި އަޅުގަނޑުގެ އަތެއްނުވާނެކަން ޔަގީނެވެ.

އެވަގުތު އަޅުގަނޑު މާލޭގައި ނެތީމެވެ. މާލެތެރޭގައި ގެއްލުން ދީފައިހުރި ތަންތަން އޭގެފަހުން، އަދި މިހާތަނަށް އަޅުގަނޑުގެ ލޮލުން ނުދެކެވެ. އެއިންތަނަކަށް ގެއްލުންދީފައި ހުއްޓާމިއަދާ ހަމައަށް އަޅުގަނޑު ދެކިފައެއް ނުވާނެއެވެ. 20 ވަނަ ދުވަހު ހުޅުމާލޭގައި ހުރެފައި މާލެއައިގޮތަށް ގޭގައިހުރެފައި އަނެއްދުވަހު އޮފީހަށް ދިޔަގޮތަށް އަޅުގަނޑު ގެނެސްމިހުރީ ބިންގަރާހު ގޮޅިއެއްގައި ބަންދުކޮށް ފައެވެ.

ދެން މިގެންނަނީ ތަހުގީގުކުރަން ވެލާނާގެއަށެވެ. މިނޫންވާހަކައެއް އަޅުގަނޑު ދަންނަވާކަށް ނެތެވެ. ހުރިހާވާހަކައެއް ނިމުނީއެވެ. ދެން މިހާހިސާބުން ތަހުގީގު ނިންމާލީއެވެ. ދެން އަޅުގަނޑާއި ޖެނީ ސިފައިންގެ ޖީޕެއްގައި ގެނެސް ތިބޭގޮޅިތަކަށްލައި ތަޅުލީރޭގަނޑު، 11:45 އެހާކަންހާ އިރުގައެވެ.

29 އޮކްޓޯބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 39 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނުހިނގައެވެ. ގޮޅީގައި ކިޔަވަން އިނީއެވެ.

30 އޮކްޓޯބަރ 2003 ވީބުރާސްފަތި ދުވަސް، ޖަލުގައި ހުންނަތާ، 40 ވަނަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު ކާއްޑަ އެއްޗިއްސާއެކު ނެރެގެން ކ.މާފުއްޓަށް ގެންދިޔަތަން ފެނުނެވެ. އޭނާ ދަމުންދިޔައީ ހަޅޭލަވައި ގެންދަނީކަން އަޅުގަނޑު މެންނަށް އަންގާފައެވެ. ކާއްޑަ ގެންދިޔަފަހުން ގޮޅިތަކުތެރޭގައި އަޑުމަޑުވެ ވަރަށް ފޫހިވާގޮތް ވެއްޖެއެވެ.

ކާއްޑައަކީ އަބަދުވެސް އެންމެންނަށް ގޮވާއި ވާހަކަދައްކާ ހަދާމީހެކެވެ. އަޅުގަނޑުމެން، 3 މީހުން އެކަނިވީއެވެ. މިކަމާ، ނިއްޓިއާއި ޖެނީވެސް ދެރަވިއެވެ. އަޅުގަނޑުވެސް ފޫހިވެދެރަވިއެވެ. މަޖާމީހަކު ގެއްލުނީމައެވެ. ދޮރުފަތުގެ ދަށުން، ގުދުވެފައި ބާރަށް އެއްޗެކޭ ބުނީމާ ނިއްޓިއަށް އިވެއެވެ. ރަނގަޅު ފޯރިންތިބޭ ވަގުތުތަކުގައި އަޅުގަނޑުމެން މިގޮތަށް ވާހަކަދެއްކިޔަސް އަޅައެއް ނުލައެވެ. ކޮންޓުރޯލް ރޫމުން ވެސް ޝަކުވާއެއް ނާދެއެވެ.

ޖެނީއާއި އަޅުގަނޑުމެން ތިންމީހުން ވާހަކަދައްކަނީ މިގޮތަށެވެ. ކާއްޑަގެންދިއުމުން އަޅުގަނޑުމެންގެ ގުޅުންތައް ކުޑަވިއެވެ. ކާއްޑަހުރީ، 7 ނަމްބަރު ގޮޅީގައެވެ. މިގޮޅިހުންނަނީ އަޅުގަނޑު ހުންނަގޮޅީގެ ފާރުންއެއްއިން ވެފައެވެ. އެހެންވެ ކާއްޑައާއި އަޅުގަނޑާ ވަރަށް ފަސޭހައިން ގުޅެއެވެ. ދެން އެހެންމީހުންނާއި ކާއްޑައާ ވަރަށް ފަސޭހައިން ގުޅެއެވެ. އެމީހުންތިބޭ ގޮޅިތަކުގައި ހުންނަނީ ދަނގަޑުތޭރި ދޮރުފަތެވެ. އެކަކު އަނެކަކު ފެންނަގޮތަށެވެ. ކާއްޑަ އާދައިގެ ވަރަކަށް ބާރަށް ވާހަކަދެއްކީމާ ސާފުކޮށް އަޅުގަނޑަށް ފަސޭހަކަމާއެކު ނަގައިގަނެވެއެވެ. ކާއްޑައަށް އެހެންމީހުންނާ ބަރާބަރަށް ވާހަކަދެއްކެއެވެ.

31 އޮކްޓޯބަރ 2003 ވީހުކުރު ދުވަސް، ޖަލުގައި ހުންނަތާ، 41 ވަނަ ދުވަހެވެ. ޚާއްސަކަމެއް ނެތްދުވަހެކެވެ.

1 ނޮވެމްބަރ 2003 ވީހޮނިހިރު ދުވަސް، ޖަލުގައި ހުންނަތާ، 42 ވަނަ ދުވަހެވެ. މިއަދަކީ ވަރަށްފިނިވި ދުވަހެކެވެ. ހީވަނީ ވާރޭވެހޭ ދުވަހެއްހެނެވެ. މިގޮޅިތަކަށް ވާރޭވެހޭކަން އެނގެނީ ފިނިބޮޑު ވީމައެވެ. ނޫނީގާޑުން ބުނެދިނީމައެވެ. ފިނިވީމާ އަޅުގަނޑުގެ އުނަގަނޑަށް އަރާތަދު ބޮޑުވެއެވެ. ކޮއްޅަށް ހުންނަން އުނދަގޫވެއެވެ.

އަޅުގަނޑު އުޅޭގޮތްތައް ކޮންޓްރޯލްރޫމުން ބަލާފައި އެކުދިން އެވާހަކަތައް ދައްކާކަމަށް ގާޑުން ބައެއްފަހަރު ބުނެލާހަދައެވެ. ހަމްދަރުދީވާ ގާޑުން މިވާހަކަތައް އަންގާލާ ހަދައެވެ. އެހެނަސް ދުވަހަކުވެސް ތަހުގީގުން މިކަމާ ސުވާލެއްކޮށް އަޅުގަނޑަށް ފަރުވާއެއްދޭން ވިސްނާފައެއް ނެތެވެ. ތަހުގީގުއޮންނަ ކޮންމެދުވަހަކު އިލްތިމާސެއްގެ ގޮތުގައި މިވާހަކަތައް ދަންނަވަމުން ގެންދާއިރުވެސް އަޅައެއްނުލައެވެ.

މިތާމިތިބޭ ސިފައިންނަކީ އިންސާނިއްޔަތެއް ނެތްބައެކެވެ. އިންސާނިއްޔަތަށް ވިސްނާބައެއްނޫނެވެ. ދެފަހަރެއްގެ މަތިން، ބެލެންސް ގެއްލިގެން އަޅުގަނޑު ގޮޅިތެރެއަށް ވެއްޓުނެވެ. ހަމަޔަގީނުންވެސް މިކަންތައް ރެކޯޑް ކުރެވިފައި ހުންނަން ޖެހޭނެއެވެ. އެއްދުވަހަކު އަޅުގަނޑަށް އެއްޗެއް ދޭންވެގެން ވައްތީނި ގޮޅީގެދޮރު ހުޅުވާލެއްވި ދުވަހަކު އަޅުގަނޑުގެ ހާލުއައްސަވާ ލެއްވުމަށް ފަހު، އެއީ ތެދެއްހޭ އިލްޔާސް ގޮޅީތެރެއަށް ވެއްޓުނުހޭ އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އެއީ ތެދެކެވެ.

ބައެއްދުވަހު މިއުޅެންޖެހެނީ ވަރަށް ހާލުގައެވެ. އެކަމާ ތަހުގީގުގައި ތިއްބަވާ ބޭފުޅުން އަޅައެއް ނުލައްވައެވެ. އަޅުގަނޑު ދައްކާވާހަކަތައް އިވޭކަމަށް ވެސް ނުހައްދަވައެވެ. އެމީހުން ކުރިޔަށް ގެންދަނީ އެމީހުންކުރާ ތަހުގީގުގެ ކަންތަކެވެ. ވާހަކައެވެ.

2 ނޮވެމްބަރ 2003 ވީއާދީއްތަ ދުވަސް، ޖަލުގައި ހުންނަތާ، 43 ވަނަ ދުވަހެވެ. މިއަދަކީ ވެސް ފިނިބޮޑު ދުވަހެކެވެ. އެއްފަހަރަކު އެނދުން ތެދުވިތަނާ އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ.

3 ނޮވެމްބަރ 2003 ވީހޯމަ ދުވަސް، ޖަލުގައި ހުންނަތާ، 44 ވަނަ ދުވަހެވެ. މިއަދަކީ ނަޞްރުގެ ދުވަހެވެ. ރަސްމީބަންދު ދުވަހެކެވެ. ބަންދުދުވަހަކަސް ހެދުނު، 10 ޖަހާއިރަށް ތައްޔާރުވެގެން ހުރުމަށް ގާޑްއައިސް އެންގުމުން އަޅުގަނޑުހުރީ އަތުގައިއޮތް ޖިންސްލައިގެން ތައްޔާރުވެގެންނެވެ. މާދަމާއަކީ މިފަހަރު ބަންދުކުރިތާ، 45 ދުވަސް ހަމަވާ ދުވަހެވެ.

މިއަދު އަވަސް އަރުވާލާފައި މިނެރެނީ އަޅުގަނޑާގުޅޭ ހުރިހާކަމެއް ނިންމާލަން ކަމަށް ލަފާކުރެވުނެވެ. އާންމުކޮށް މިހެންހަދަނީ ދޫކޮށްލާ މީހުންނަށެވެ. 45 ދުވަހަށް ވުރެއިތުރަށް ބަހައްޓާނަމަ އަވަސްއަރުވާލާފައި ހުރިހާކަމެއް ނިންމާކަށް ނޫޅޭނެއެވެ. ދިގުދަންމާލާގޮތަށް ބަހައްޓާފައި ހުންނާނީއެވެ. އުޅޭނީ ހުރިގޮތަށް ބެހެއްޓޭތޯއެވެ. އެއްވެސް ކަމެއްއަވަސްކޮށް، ބަންދުދުވަސް ތަކުގައިވެސް ނެރެއެއް ނުހަދާނެއެވެ. މިއީ ރަނގަޅު ސިގްނަލެކެވެ. ރަނގަޅުގޮތެއް ވާންއުޅެނީ ކަމުގެއުންމީދު ބޮޑެވެ.

ދެން، އަވަހަށް މިނިވަންވޭތޯ ދުޢާކުރަން އިންދާ، 10 ޖެހުމުން ވެލާނާގެއަށް ގެންދިއުމަށް ނެރެން އަތުވެއްޖެއެވެ. ސިފައިންގެ ޖީޕަކަށްް ލައިގެން ގެންގޮސްވެއްދީ، 2 ނަމްބަރު ތަހުގީގު ކޮޓަރިއަށެވެ. ތަހުގީގު ޓީމަކަށް ތިއްބެވީ، ހަލީމާއި ބަޝީރާއި ރައްޔިތުންގެ މަޖިލީހުން ދ.އަތޮޅުގެ އެއްމެމްބަރު ކަމުގައިވާ އިސްމާޢީލް ޒާހިރާއި ހއ.އަތޮޅުގެ އެއްމެމްބަރު ކަމުގައިވާ ކެލާނިޒާމާއި ސްޓޭޓް އެޓަރނީއެއް ކަމުގައިވާ އަންނިގެ ޝަރީޢަތުގައި އުޅުއްވި ދޮންހިކިކޮށް ހުންނަބޭފުޅާއެވެ. ހަލީމްކުރިމަތީގައި ޓައިޕްކޮށް ފައިހުރި ބަޔާންތައްވެސް ފެންނަން ހުއްޓެވެ. މިކަންތައްގަނޑު ނިންމާލަން އުޅެނީކަން އަޅުގަނޑަށް ޔަގީނާގާތަށް ލަފާކުރެވިއްޖެއެވެ.

ވަދެ އަޅުގަނޑު ހަމަޖެހިލާއިރަށް ހަލީމް ވިދާޅު ވެއްޖެއެވެ. މިގެނައީ ބަޔާންތަކުގައި ސޮއިކޮށްލުވާށެވެ. މިއީ އަސްލު ބަޔާންތަކެވެ. މިއޮތީ އިލްޔާސްގެ ބަޔާނުގެ، 4 އަސްލުކޮޕީ ހަދާފައެވެ. މިހަތަރުކޮޕީގައި ސޮއިކޮށް ލެއްވީމާ ނިމުނީއެވެ. އިލްޔާސް ކިޔުއްވާލައްވާފައި ސޮއިކޮށް ލައްވާށޭ ކިޔާފައި އަޅުގަނޑުއަތަށް އެބަޔާންތައް ދެއްވީއެވެ.

ބަޔާންއޮތީ ކޮންޕިއުޓަރުން ލިޔެގެން ގެނެސްފައެވެ. ރަފްބަޔާންތަކުގައި ހުރިވާހަކަ ތަކަށްވާތީ ކޮށާމަށާކަށް ނުޖެހުނެވެ. ކިޔާލުމަށްފަހު، ސޮއިކުރަންޖެހޭ ހުރިހާތަނެއްގައި ސޮއިކޮށް އިނގިލީގެ ނިޝާންޖަހަންޖެހޭ ހުރިހާތަނެއްގައި ބޮޑުވައިއިނގިލީގެ ނިޝާންތިއްބައި ވަރަށް އަވަހަށް ނިންމާލައިފީމެވެ.

އަޅުގަނޑުގެ އިލްތިމާސެއް އެބައޮތޭ، އައްސަވާލަ ދެއްވާށޭ ނަންގަތީމައި ހަލީމް ވިދާޅުވެއްޖެއެވެ. އިލްޔާސް ބުނަންބޭނުން އެއްޗެއް ބުނާށެވެ. ދެން އަޅުގަނޑު ދެންނެވީ އަޅުގަނޑަށް ލިބެމުންމިދާ ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތަކުން އަޅުގަނޑު މިއަދުން މިއަދަށް ސަލާމަތްކޮށް ދެއްވުން އެދެމެވެ. އަޅުގަނޑަށް ތިޔަދެއްވާ އަނިޔާތަކުން ތިޔަބޭފުޅުން މިހާރުފާފަވެރި ވާނެއެވެ.

ކުށެއްނެތް މީހަކަށް އަނިޔާކުރުމަކީ ފާފަވެރި ވާނެޢަމަލެކެވެ. ކުރީދުވަހު ވަރަށް ތަފްސީލުކޮށް އެޓަރނީން ވަޑައިގެންނެވި، އަބްދުﷲ ސަޢީދު އަރިހުގައި މިވާހަކަތައްވާނީ ތަފްސީލުކޮށް ދައްކާފައެވެ. އަޅުގަނޑު ގަބޫލްކުރީ، އެބޭފުޅާއަށް މިވާހަކަތައް ވަރަށްރަނގަޅަށް ފަހުމްވެވަޑައި ގަންނަވާނެ ކަމަށެވެ. ފަހަރުގައި މިއީއޭގެ އަސަރުތައް ކަމުގައިވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ، ﷲއަށް ޝުކުރު ދަންނަވަމެވެ!

އަދި ކިހާދުވަހަކު މިއަނިޔާގައި، މިޢަޛާބުގައި އަޅުގަނޑު ބައިންދާނަންތޯ ސުވާލުކުރީމެވެ؟ ދެން ހަލީމް ވިދާޅުވެއްޖެއެވެ. މިއުޅެނީ ވެސް ތިކަމާއެވެ. އިލްޔާސް ސޮއިކުރެއްވުމުން ހުރިހާކަމެއް މިނިމުނީއެވެ. ތަހުގީގުމުޅިން ނިމުނީއެވެ. ދެން ލަހެއްނުވާނެއެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގގުގައި ހުންނަ ބިންގަރާހަށް ގެންގޮސް ވައްދައި ތަޅުލިއިރު، 11:30 ވަރު ވެދާނެއެވެ. ދެން މެންދުރުނަމާދަށް ތައްޔާރުވެލުމުގެ ގޮތުން ފެންވަރާލައިގެން ކިޔަވަން އިނީއެވެ. އަޅުގަނޑު ހިތަށްއަރަނީ މާދަމާ މިނިވަން ކުރާނެކަމަށެވެ.

އުޅެއުޅެވެސް މިމީހުންނަށް ހެއްކެއް ގަރީނާއެއް ނުލިބުނީއެވެ. ކުރިންހަދާގޮތް ހަދާނުލެވުނީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބެވުމާއި ރާއްޖޭން ބޭރުންކިޔަވައިގެން ހުންނެވި، ހާފިޒެއްކަމުގައިވާ ޕީއެޗްޑީ ނެންގެވުމަށް ހުރިހާކަމެއް ހަމަޖެހިފައިވާ، ޕީއެޗްޑީ ކެނޑިޑޭޓް، އަލްޙާފިޡް އަބްދުﷲ ސަޢީދު މިމީހުންގެ ތެރޭގައި މައްސަލަ ދިރާސާކުރާ ބޭފުޅަކަށް އިސްކޮށް ހުންނެވީމައެވެ.

ސިފައިންނަށް އަޅުގަނޑާ ދެކޮޅަށް ކުރިންހަދާގޮތަށް ދޮގުހެކި ދީގެން ބަޔާނެއް ހަދާލަން ނުކެރުނީ، އެހެންވެގެންނެވެ. މީގެކުރިން ސިފައިން އެކަހަލަ ކަންތައްކޮށްފައި އެބަހުއްޓެވެ. ސަފައިން ބުނަމުން ގެންދިޔައީ އެދުވަހު މާލެތެރޭގައި ހަމަނުޖެހުން ހިންގިމީހުންގެ ތެރޭގައި އިލްޔާސް ހުންނަނިކޮށް ނަގާފައިވާ ވީޑިޔޯއާއި ފޮޓޯތައް އެމީހުންގެ އަތުގައި އެބަހުރި ކަމަށެވެ. ދެފަހަރެއްގެ މަތިން އަޅުގަނޑަށް އެވީޑިޔޯ ދަންކާނަމޭ ވެސް ބުންޏެވެ. އެހެނަސް އެފޮޓޯތަކެއް ވެސް އެވީޑިޔޯއެއް ވެސް އަޅުގަނޑުގެ ކުރިމައްޗަކަށް ގެންނާނެ ހިއްވަރެއް އެމީހުންނަކަށް ނުލިބުނެވެ.

އަދި އެމަންޒަރުދުށް ސިފައިންނަށް އަޅުގަނޑު އެމީހުންގެ ތެރޭގައި ހުރިކަމަށް ބަޔާނެއް ދޭކަށެއްވެސް ނުކެރުނެވެ. މިގޮތަށްއޮވެ މިތަހުގީގު މިނިގެން މިދިޔައީ، އަޅުގަނޑަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ވަރުގަދަ އަނިޔާތަކެއް ލިބިގެންނެވެ. ސާޅީސްފަސް ދުވަހުގެ މިއަނިޔާތަކުގެ އަސަރު، އަޅުގަނޑު ދުނިޔޭގައި ހުރިހާދުވަހަކަށް ދެމިގެންދާނެކަން ކަށަވަރެވެ.

އަޅުގަނޑަށް ވީވަރު ވަޒަންކުރަން އެނގޭނީ އަޅުގަނޑަށެވެ. ބިންގަރާހު ގޮޅީގެ އަނިޔާތަކަކީ ދޫނިދޫޖަލުގެ ކުޑަގޮޅިން ލިބުނު އަނިޔާތަކަށް ވުރެވެސް މާބޮޑުވެގެންވާ އަނިޔާތަކެކެވެ. އުމުރަށް ދެމިގެންދާނެ އަނިޔާތަކެވެ. ކެތްކުރުން ނޫންގޮތެއްނެތެވެ. ކެތްތެރިކަމާއެކު، މިއަދު އެކުގައިހެން އިނީ ގުރުއާން ކިޔަވާށެވެ. ގުރުއާން ނިމުނީމައިއަނެއްކާ ފަށަނީއެވެ. މިގޮތަށްކިޔެވުން އަބަދުވެސް ވަށާޖެހެއެވެ.

4 ނޮވެމްބަރ 2003 ވީއަންގާރަ ދުވަސް، ޖަލުގައި ހުންނަތާ، 45 ވަނަ ދުވަހެވެ. މިއީ ޖަލަށްގެނައި ދުވަސް ކަމުގައިވާ، 21 ސެޕްޓެމްބަރ ދުވަސްލައިގެން ގުނީމާ، 45 ދުވަސް ހަމަވާދުވަހެވެ. އެހެނަސް ސިފައިން، 45 ދުވަސްގުނަނީ، 24 ގަޑިއިރު ޖަލުގައި ހަމަވީމާ، 1 ދުވަސް ޖަލުގައި ވީކަމަށް ބައްލަވައިގެންނެވެ. މިބީދައިން ހިސާބުހެދިމާ، އަޅުގަނޑަށް، 45 ދުވަސް ހަމަވާނީ، 5 ނޮވެމްބަރ ވާބުދަދުވަހުގެ މެންދުރުފަހު ޖަލަށް ލެވުނުކަމަށް ރެކޯޑްކުރެވުނު ގަޑިއަށެވެ. އެގަޑިއަކީ ހަވީރު، 5:30 އެވެ. އެހެނަސް އަޅުގަނޑު ސިފައިންގެއަށް ވެއްދީ، 3 ޖަހަން އުޅެނިކޮށެވެ.

އާދެ، އިރުއޮއްސި ރޭވުމުން ޢިޝާނަމާދަށް ފަހު، ގާތްގަޑަކަށް ނުވައެއް ޖަހާއެހާކަންހާއިރު، ނަޢީމް ދުރުވެ، ޖެނީގެ ހުރިހާސާމާނަކާއެކު ނެރެންއުޅޭތަން ފެނިއްޖެއެވެ. ޖެނީގެ ހުރިހާސާމާނެއް ހިފައިގެން ދަމުން ނިއްޓިއާ ސަލާމްކުރި ތަންފެނެއެވެ. ދެން އަޅުގަނޑުހުރި ގޮޅިކައިރިއަށް އައިސް ދޮރުގައިހުރި ބިއްލޫރިކޮޅު ކައިރީގައިހުރެ އަޅުގަނޑަށް އިޝާރާތުން ސަލާމްކުރުމަށް ފަހު މައްޗަށް އަރައިގެން ހިނގައްޖެއެވެ. މުލަރޯދަ ވިލޭރޭ ކުށްވެރިންތައް ގޮޅިންނުކުމެ އަޅުގަނޑުގެ ގޮޅީގެދޮރުފަތުގައި ހުންނަބިއްލޫރި ކޮޅުގައި ތަތްކޮށްފައިހުރި ކަރުދާސްތައް ނޮޅާލިފަހުން އެބިއްލޫރިކޮޅު ހުންނަނީ ދެފަރާތް ފެންނަގޮތަށެވެ.

އޭގެފަހުން ކަރުދާސް ތަތްކުރާކަށް ނޫޅެއެވެ. ނަޢީމް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޖެނީބޭނުންގޮތަކަށް މިކަންތައް ކުރަންއޮތީ ދޫކޮށްލާފައެވެ. ގާޑްކައިރިން އަހާލުމުންބުނީ، ޖެނީ ދޫނިދޫއަށް ބަދަލުކުރީ ކަމަށެވެ. ޖެނީއަށް ވެސް މިކަންއޮތީ އެނގިފައެވެ. ނިންޓި ފަރާތުން ފަހުން މިކަންތައް އަޅުގަނޑަށް ސާފުވީއެވެ.

އަޅުގަނޑަށް ވިސްނާލެވުނު އެއްޗަކީ، ނިއްޓިއާއި އަޅުގަނޑު ދޫކޮށްލާގޮތަށް ނިންމާފައި ޖެނީއާ ދަޢުވާކުރާގޮތަށް ހަމަޖެއްސީ ކަމަށެވެ. ޝަރީޢަތް ފެށެންދެން ޖެނީ ހުންނާނީ ދޫނިދޫގައެވެ. އަޅުގަނޑުމެން ދެމީހުން މިރޭނުވަތަ މާދަމާ ނަމަވެސް ދޫކޮށްލާނީ ކަމަށް އަޅުގަނޑަށް ނިންމުނެވެ. ޖެނީ އަޅުގަނޑުގެ ދޮރުކައިރިއަށް އައުމުން، ޖެނީއަށް އިޝާރާތުން ވަރަށް ހިތްވަރުކުރުމަށް ނަސޭހަތްދިނީމެވެ. އިތުރުގޯހެއް ވިޔަނުދިނުމަށް ބުނީމެވެ. ވަރަށްގިނަ ގޮތްގޮތުން އިތުރުކަމެއްގައި ތާށިކުރެވޭތޯ މިވެރިން މަސައްކަތް ކުރާނެއެވެ.

އަޅުގަނޑު މިނިވަންވާއިރަށް ޖެނީގެ ބައްޕައާ ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނަމޭ ބުނީމެވެ. ދެން، 30 ށް މިނެޓްފަހުން ޖެނީގެ ދަބަސް ގެނެސް އަނެއްކާވެސް، ޖެނީހުރިގޮޅީގައި ބެހެއްޓިތަން ފެނުމުން ގާޑްކައިރީގައި، ކިހިނެއްވީހޭ ސުވާލުކުރުމުން ގާޑްކަލޭގެބުނީ، ޖެނީ އެތައްވަރަކަށް މައްސަލަޖައްސާއި ޖެނީއެދިގެން ތަހުގީގުޓީމާ ބައްދަލުކުރުމަށް ވެލާނާގެއަށް ގެންދިޔައީ ކަމަށެވެ. ވެލާނާގެއިން އަނބުރާގެނައީ، 11:30 ގައި ކަން އެގުނެވެ. ދެންވެސް ވާނުވާއެއް ނޭންގޭތީ ނިއްޓިއާއި އަޅުގަނޑު ނުނިދާ އިވޭހާއަޑަކަށް ކަންފަތްދީގެން އެކަކު އަނެކަކު ފެންނަގޮތަށް ހޭލާތިބީއެވެ.

ނިއްޓިއަށް ގޮދަޑީގައި އިށީދެ ލައިގެން ދޮރުގެތޭރިތަކުގައި ހިފާއްޓާލައިގެން އިނދެވެއެވެ. އަޅުގަނޑު ހުންނަންޖެހެނީ، ދޮރުފަތްކައިރީގައި ބިއްލޫރިކޮޅުން ބަލަން ކޮޅަށެވެ. ވަރުބަލިވެސް ވެއެވެ. އެހެނަސް ނިންޓިވެސް ހޭލާއިނީމާ އަޅުގަނޑުވެސް މިގޮތަށް ހިފާއްޓާލީ ޖެނީއަށް ވާގޮތެއް ބަލާފައިނޫނީ ނޯށޯންނާށެވެ. މިހެންތިއްބާ، 12:30 ގައި ޖެނީއާއި ނަޢީމް، މިބަޔަށް ވަދެއްޖެއެވެ.

ޖެނީގެ ގޮޅިއަށް ޖެނީގެ ދަބަސްނަގަން ވަތްތަން ފެނިއްޖެއެވެ. ދެން އަޅުގަނޑު މެން އުފަލުން ޖެނީއަށް ގޮވާއިވާހަކަ ދައްކައި ހެދީމެވެ. ދަބަސް ނަގައިގެން ދަމުން ނިއްޓިއާ ސަލާމް ކުރުމަށް ފަހު، އަޅުގަނޑު ގޮޅީގެ ބިއްލޫރިކޮޅު ކައިރިއަށް ޖެނީ އައިސް، އިޝާރާތުން އަނެއްކާވެސް ވާހަކަދެއްކީއެވެ. އަދި ބައެއް ވާހަކަތައް ބާރަށްވެސް ބުނެހެދީއެވެ. ޖެނީ ބުންޏެވެ. ދޫނިދޫއަށް ގެންދަނީއެވެ. އެނޫންގޮތެއް ނެތޭ ތަހުގީގުން ބުންޏެވެ. އަޅުގަނޑު ޖެނީއަށް ވަރަށްނަސޭހަތް ދިނީމެވެ. ހިތްވަރުގަދަކުރުމަށް ބުނީމެވެ.

އަދި، އަޅުގަނޑު ދޫކޮށްލާއިރަށް ތިޔަގެއަށް ގޮސް ޖެނީގެ ބައްޕައާއި މަންމައާ ބައްދަލުކޮށް ހުރިހާކަމެއް،ވާހަކައެއް ކިޔައިދޭނަމޭ ޖެނީގާތުގައި ބުނުމުން ޖެނީއަށް ވަރަށް ހިތްވަރު ލިބުނެވެ. ހީވާގޮތުން، ފަހަރުގައި މާދަމާދޫކޮށް ލަފާނެއެވެ. ޖެނީ ހުރީވަރަށް ހިތްވަރު ގަދަކޮށެވެ. އެއްގޮތަކަށް ވެސް ދެރަނުވުމަށް ޖެނީކައިރީގައި ބުނުމުން އާނއެކޭ ކިޔާފައި ޖެނީއާއި ނަޢީމް ނައްޓާލީ މައްޗަށެވެ. ހިތާމައިގެ އަސަރުހުރިވަގުތުކޮޅެކެވެ. ވަރަށް ލޯތްބާއި ސަލާމެބުނީމެވެ. އަޅުގަނޑާއި ނިއްޓިއާ ތިބީ އެމަންޒަރު ބަލާށެވެ. ދެންޖެނީ އެހިސާބުން އެވަގުތަށް ގެއްލުނީއެވެ. ދޫނިދޫއަށް ބަދަލުވީއެވެ. އަޅުގަނޑާއި ނިއްޓިވެސް ވަރަށްދެރަވިއެވެ.

ޖެނީ ދޫނިދޫއަށް ގެންގޮސް ޝަރީޢަތް ކުރާގޮތަށް ހަމަޖެއްސީމައެވެ. އަޅުގަނޑުމެން މިހެން ތިބެފައި ނިދަން ޖައްސާލީ ތިނެއް ޖެހިފަހުންނެވެ. ހާރުކައިގެންނެވެ. އެކަކު އަނެކަކަށް ދެރަވެފައި ބަލަންތިބީއެވެ. ދެން ނިއްޓިކައިރީގައި ތިންފަހަރު ކުރުސި، ތިންފަހަރު އަލްޙަމްދު ކިޔައިގެން އަވަހަށް ރީތިކޮށް ނިދާލާށޭ، ހިއްވަރުގަދަ ކުރާށޭ، އިތުރުގޯހެއް ނުހަދާއި ތިޔަހުރިގޮތަށް އަޒުމްވަރުގަދަކޮށް ހުންނާށޭ ކިޔާފައި ދެމީހުންވެސް އަތުންކުރެވުނުހާ އިޝާރާތެއްކޮށް ހަދާފައި ނިދަންއޮށޯތީއެވެ.

އަޅުގަނޑުގެ ހިސާބުތައް ދައްކާގޮތުން މާދަމާގޮތެއް ނުވެއްޖެނަމަ، ގެއިން މަންމައާއި އިބުރޭއާ ބައްދަލުކުރުމަށް އެދޭނަމޭ، ނިދަންއޮވެގެން ހިތަށްއެރިއެވެ. އަދި މާދަމާ އިތުރުގޮތެއް ނުހަދައިފިނަމަ، ހޮސްޕިޓަލަށް ފަރުވާހޯދުމަށް ގެންދިއުމަށް އެދުމަށް ވެސް މުޅިން ނިންމީމެވެ.

މިހާރު ޑައިބެޓިކް ކަންތައްހުރި ހިސާބެއްވެސް ނޭނގެއެވެ. މިހުރިހާ ވިސްނުމަކާ އެކުވެސް މާދަމާގެ ހަވީރު، 5:30 ށް ބަރާބަރު، 45 ދުވަސް ހަމަވާއިރު ކޮންމެވެސް ގޮތެއްވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް ހިތުތެރޭގައި އަށަގެންފައިއޮތެވެ. ހުވަފެންތަކުން ވެސް ދިޔައީ ޝަރީޢަތާ ހަމައަށް ނުގޮސް ނިމޭނެކަމަށް ދައްކަމުންނެވެ. މިރެއާހަމައަށް އާދެވުނުއިރުހުރީ، 13 ޚަތިމު ކުރެވިފައެވެ.

5 ނޮވެމްބަރ 2003 ވީބުދަ ދުވަސް، ޖަލުގައި ހުންނަތާ، 46 ވަނަ ދުވަހެވެ. ރޯދަމަހަށްވާތީ، ފަތިސްނަމާދަށް ފަހު، ނިދާލުމުން ހޭލެވުނީ، 10:30 ގައެވެ. ފެންވަރާލައިގެން ޟުޙާނަމާދުކޮށް ހަދައިގެން ގުރުއާން ކިޔަވަން ފެށީއެވެ. މެންދުރުނަމާދާ ޖެހެންދެން ގުރްއާން ކިޔެވީއެވެ. ދެން މެންދުރު ނަމާދުކޮށްގެން ނިއްޓިގެ ޚަބަރު ބަލައިލިއިރު ނިއްޓިއޮތީ ނިދާފައެވެ. އަދިވެސް ނުހޭލަނީއެވެ.

ދެން އަޅުގަނޑުވެސް އޮށޯތީ ނިދާށެވެ. ރޭއެއްކޮށްހެން ހުރެވުނީ ހޭލައެވެ. އެނދުގައި އޮވެގެން ހަވީރުވުމުގެ ކުރިން ބަލާއަންނާނެއޭ ހިތަށްއެރިއެވެ. ނިދަންއޮށޯތީ މެންދުރުފަހު، 1:30 ގައެވެ. ބަރާބަރު ދޭއްޖެހިތަނާ ހޭލެވުނީ ދޮރުހުޅުވާލި އަޑަށެވެ. ގާޑުމީހާއާއެކު އެހެންމީހެއް ހުއްޓެވެ. ހުރިހާސާމާނާ އެކުގައި ނުކުތުމަށް އެންގިއެވެ.

ކުރިންވެސްހުރީ ރެޑީކޮށްފައި ކަމުންމާގިނަ އިރެއްނުނަގާ އަޅުގަނޑުގެ ބެކުޕެކް ހިފައިގެން ނުކުމެއްޖައީމެވެ. އޭރު ނިއްޓިވެސް ހޭލައި ގޮޅީގެދޮރު މަތީގައި ބަލަންހުއްޓެވެ. މޯބައިލްފޯނާއި ފައިސާކޮޅުހުރި ދަބަހާއި ގަލަމާއި އެހެން އެއްޗެހިއްސާއި ބޭސްކޮޅު ދޭންވާނެ ބުނުމުން މަތިން ލިބޭނެކަމަށް ބުންޏެވެ. ދެން ނިއްޓި ގޮޅިކައިރިއަށް ޖެހިލައި ސަލާމްކޮށްލާފައި ދެރަނުވުމަށް ބުނީމެވެ. ދެން ދޫކޮށްލާނީ ނިއްޓިކަމަށް ބުނެހިއްވަރު ދިނީމެވެ.

މިނިވަންވީހާ އަވަހަށް އަޅުގަނޑާ ބައްދަލު ކުރަންޖެހޭނެކަމާއި މަގޭނަމްބަރަކީ ތިންހަތެއް ތެއްތިރީސް ސުމެއްއަށެއް ކަމަށް ހިތުންދަސްކޮށް ދިނީމެވެ. ދެފަހަރި ނިއްޓި އެނަންބުރުބުނެވެސް ދިނެވެ. އަޅުގަނޑުގެ މޯބައިލް ނަމްބަރަކީ ވަރަށް ފަސޭހަ ނަމްބަރެކޭ ބުނީމާ، ނިއްޓި އާއެކޭ ބުނެފައި ބުންޏެވެ. ތިޔަނަމްބަރެއް ހަނދާނެއް ނުނެތޭނެއެވެ. ދެން ނިއްޓިއަށް ހިތްވަރުގަދަ ކުރުމަށާއި އިތުރުގޯހެއް ގޮޅީގައި ހުރެގެން ނުހެދުމަށް ނަސޭހަތްތެރި ވީމެވެ.

ބަލާއައިސްހުރީ ވެލާނާގޭތެރޭގައި ތަންކޮޅެއް އިސްކޮށް އުޅުއްވާ އޮފިސަރެކެވެ. އެހެނަސް މީނާ އަޅުގަނޑު މިކުރިކަންތަކެއް މަނާކުރާކަށް އެއްގޮތަކަށް ވެސް ނޫޅެއެވެ. ނިއްޓިއާ ބޭނުންވަރަކަށް ވާހަކަދައްކަން އޭނާހުރީ ދޫކޮށްލާފައެވެ. ހަދާންތަކަކުން ފުރިގެންވާ، ފުންސަލާމަކުން ސަލާންކުރުމުގައި ނިއްޓި އަތުގައި ހިފައިގެން އިރުކޮޅަކު ހުރެފައި ވަދާޢުގެ ހިނިތުން ވުމާއެކު ވަރަށް ލޯތްބައި އެކުވަކިވީ، މިނިވަންވާ ދުވަހު ގުޅައްޗޭ ބުނެފައެވެ.

ދެންމައްޗަށް އަރައިގެން އަޅުގަނޑު ދިޔައީއެވެ. މައްޗަށްއަރާ ސިޑިހުރީ އެގޮޅިއާ ދިމާލުގައެވެ. އިމާރާތުގެ މެދެއްހާ ހިސާބުގައެވެ. ނިއްޓިއާވެސް ވަކިވީއެވެ. އަޅުގަނޑަށް ވެސް އަސަރުތަކެއް ކުރިއެވެ. ޖެނީ ގެއްލިފައި މާގިނަ ދުވަސްތަކެއް ނުވަނީސް ނިއްޓިވެސް ގެއްލުނީއެވެ.

އަދި މިއަނިޔާވެރި ގޮޅީގެ ނާމާން މާހައުލުން ސަލާމަތްވީއެވެ. ބިންގަރާހުގެ ގޮޅިތައް ބެލެހެއްޓުމަށް އިސްކޮށް އުޅުއްވާ، ހުސައިން ރަޝީދު (ވައްތީނި) އަޅުގަނޑުގެ ސާމާނުތައް އަޅުގަނޑައި މަތީބުރިން ހަވާލުކޮށް ފިއެވެ. ފައިސާކޮޅާއި ގަލަމާއި އައިޑީކާޑާއި އެހެންހުރިހާ އެއްޗެއްވެސް ހަމައަށް ހުއްޓެވެ. ނުކުތީވައްތީނިއާ ސަލާމްގަލަންކޮށް ހަދާފައެވެ.

ދެން ސިފައިންގެ ޖީޕަށް ލައިގެން ގެންގޮސް ވެއްދީ ވެލާނާގެއަށެވެ. ލަކުޑިންހަދާފައިހުރި އެއްތެޔޮފުރި އަތްގަނޑުލީ ގޮޑިއެއްނެރެ އަނބުގަސްދޮށުގައި އަޅުގަނޑު ބައިންދާއިފިއެވެ. މިފަހަރު ގުދަނަށް ލާކަށް ނޫޅެއެވެ. މިމީހުންގެ ތެރޭގައި އެކިފެންވަރުގެ އެކިމަރުހަލާތައް ރޭވިފައި ހުރެއެވެ. މިމަރުހަލާ ތަކުންމީހާއަށް އަންނަލުއިތައް އޮޅުންފިލާނެއެވެ. އަދަބުތައް ބޮޑުކޮށް އުޅެއްޏާ މަރުހަލާ ތަކުގައިވެސް ވަރަށް އުނދަގޫތައް ކުރިމަތިވާނެއެވެ.

މިގޮނޑީގައި އިންނަތާ މާގިނައިރުތަކެއް ނުވަނީސް ތަހުގީގުކުރާ، 1 ނަމްބަރު ކޮޓަރިއަށް ވައްދައިފިއެވެ. ތަހުގީގުޓީމަކަށް ތިއްބެވީ ހަލީމާއި ނިޒާމާއި އިސްމާއީލް ޒާހިރާއި އެޓާރނީން މިޓީމުގައި އުޅުއްވާ ބޭފުޅާއެވެ. މިއީ އަންނިގެ ޝަރީޢަތުގައި އުޅުއްވި ދޮންކޮށް، ހިކިކޮށް ހުންވާބޭފުޅާއެވެ. އަޅުގަނޑު އެކޮޓަރިއަށް ވަދެހަމަޖެހި ލުމުން ހަލީމް ވިދާޅުވެއްޖެއެވެ. މިއަދު މިގެނައީ ނިންމަލުމުގެ ގޮތުން އަންގަންޖެހޭ އެންގުން އަންގާލުމަށެވެ. އެ އެންގުން މިއޮއްތީ ކޮމްޕިއުޓަރުން ލިޔެރެޑީކޮށްފައެވެ. އަސްލުގެ ދެކޮޕީ މިއޮތީއެވެ.

އިލްޔާސް ކިޔުއްވާލައްވާފައި ސޮއިކޮށް ލެއްވީމާ ނިމުނީއެވެ. މިދެގަނޑު އަޅުގަނޑު އަތަށް ދިނުމުން ކިޔާލާފައި ވަރަށް އަވަހަށް ސޮއިކޮށް ލައިފީމެވެ. އަދި އިނގިލީގެ ނިޝާންޖަހަން ބުނިތަންތާގައި ކަނާއަތުގެ ބޮޑުވައި އިނގިލީގެ ނިޝާންޖަހައި ނިންމާލައި މިދެގަނޑު ދިނުމުން ހަލީމް ބުނުއްވައިފިއެވެ. މިނިމުނީއެވެ. ދެން އިލްޔާސް ދުރުވަންވީއެވެ. ދެން ދުރުވިޔަސް އެންމެރަނގަޅެވެ. މިނިވަންވީއެވެ.

އަޅުގަނޑު އިތުރަށް ބައެއްވާހަކަތައް ދަންނަވާލަން ހިތަށްއަރާފަވެސް ހަލީމު ކައިރީގައި މިވާހަކަތައް ދައްކައިގެން ފައިދާއެއް ނުކުރާނެކަން ހިތަށްއެރުމުން އަގައިން ނުބުނެ ޝުކުރިއްޔާއޭ މަލާމަތުގެ ރާގަކަށް ދަންނަވާފައި، ބެކުޕެކު ހިފައިގެން އަޅުގަނޑު ހިނގައިގަތީ ވެލާނާގެއިން ނުކުތުމަށެވެ. އޭރުގަޑިން މެންދުރުފަހު، 3:10 ވެދާނެއެވެ. ހިނގާފައިގޮސް އަޅުގަނޑު އޮފީސް އެޓޮލްސް މިނިސްޓްރީއަށް ވަތްއިރު ޝީރީން ގެއަށް ވަޑައިގެންނެވުމުގެ ތައްޔަރީތައް ވަމުން ގެންދަވަނީއެވެ.

އެހެނަސް އަދިހުންނެވީ މަތީބުރީގައެވެ. އަޅުގަނޑު މައްޗަށް މުޅިން އަރާނުނިމެނީސް ޝީރީން ސިޑިން ފައިބަންނަވަން ސިޑިއާދިމާއަށް ވަޑައިގަންނަ ވަނީއެވެ. އޮފީހުން އެންމެފުރަތަމަ ދިމާވީ، ޒުހުރާއާއި ޔުމްނާއާއެވެ. މިގެކުދިންނަކީ ވެސް އަޅުގަނޑަށް ވަރަށް އިހްތިރާމްކުރާ އަޅުގަނޑާ ވަރަށް ގާތްދެކުދިން ކަމުން ވަރަށް ވާހަކަދެއްކިއެވެ. ދެން ޝީރީނާ އެކުގައިހެން ދިމާވީ، ހައްވާލިއުފާއެވެ. ލިއު އަކީވެސް އަޅުގަނޑާ ވަރަށްގާތް އެކުވެރި ބޭފުޅެކެވެ.

ދެން އަޅުގަނޑުމެން އެންމެން އެކުގައި ފޭބީތިރިއަށެވެ. ގެއަށްދާށެވެ. އޭރު އަޅުގަނޑުހުރީ، 46 ދުވަހުގެ ދިގުތުނބުޅީގައެވެ. ލޯގަނޑަކުން އަމިއްލަމޫނު ނުދެކޭތާ އެހާދުވަސް ވެފައެވެ. އަޅުގަނޑުގެ ސިފަހުރިގޮތެއް އޭރުއަޅުގަނޑަށް ނޭންގެއެވެ. ދެން، ޝިރީން ވިދާޅުވިއެވެ.

އިލްޔާސް މިހާރުހީވަނީ އެހެންމީހެއްހެނެވެ. އިލްޔާސް ފެނިފައި ވަރަށް އުފާވެއްޖެއެވެ. އަދި މާދަމާ އޮފިހަށް ނުކުންނަވަން ވާނެކަމަށް ޝީރީން ވިދާޅުވިއެވެ. ދެން ބައްދަލުވީ ޑިއުޓީގައި އިންނެވި އުނގުލު އަލްއަޚް މުހަންމަދުއަލީ އާއެވެ. މުހަންމަދުއަލީ އަކީ އަބަދުވެސް ވަރަށް ރަނގަޅު ބޭފުޅެކެވެ. ބޭރަށް ނުކުންނަވައި ޓެކްސީއެއް ގެންނަންވެގެން ވަރަށް އުޅުއްވިއެވެ. އެހެނަސް އަޅުގަނޑު ބޭނުންވީ ހިނގާލާފައި ޖަވާހިރުވާދީއަށް ދާށެވެ. ދެން މިހުރިހާ ބޭފުޅުންނާ ސަލާންގަލަން ކުރުމަށް ފަހު، ހިނގައިގަތީ ގެއަށްދިއުމަށެވެ.

ބަންޑާރަމިސްކިތާ ހިސާބަށް އާދެވުނުއިރު ޢަޞްރުނަމާދު ޖަމާޢަތުގައި ކުރަނީއެވެ. މިމަންޒަރު ފެނުމުން ޖަމާޢަތުގައި ނަމާދުނުކޮށް ދާތިތެއް ނުވިއެވެ. ދެން ދަބަސް މިސްކިތުގައި ބަހައްޓާފައި ވުޞޫއު ކޮށްލައިގެން އެރުމުން، ޖަމާޢަތުގައި ކުރުމަށް، 3 ރަކްޢަތް ލިބުނެވެ. ޢަޞުރު ނަމާދުކޮށް ނިމިގެން، ﷲއަށް ޝުކުރުގެ ދެރަކްޢަތް ނަމާދެއްކޮށް ދުޢާދެންނެވީމެވެ. ﷲގެ ޝުކުރު ކިތަންމެހާވެސް ތަނަވަސްވެފައި އަޅުގަނޑުގެ މައްޗަށްބޮޑެވެ. އަޅުގަނޑަށް ދެއްކެވި ރަނގަޅު ހުވަފެންތަކާއި ހިންގާދިޔަ ކަންތައްތަކާ ވަރަށް ގުޅުން ބޮޑެވެ.

އެހެންވުމުން އަޅުގަނޑު ހުރީވަރަށް ހިތްހަމަ ޖެހިފައެވެ. ބަޔަކު ބޭނުންވާހާ ގޮތަކަށް ކަންތައް ނުކުރެވޭކަން މިފަހަރުސާބިތު ވެގެން ހިނގައްޖެއެވެ. އަޅުގަނޑުމެންގެ ބޮލުގައި އަޅުވަން އުޅުނު މިއޮއްބޮޑު ކަންތައްގަނޑުން، ﷲ ސަލާމަތް ކުރެއްވިލެއް މޮޅުކަމުން މިހުރިހާކަމެއް ހަދާންކޮށް އެތައްހާސް ޝުކުރެއް، ﷲއަށް ދެންނެވީމެވެ. އަދި މިސްކިތުގައި އިރުކޮޅެއް އިނދެފައި މިހާރު މިހުރިގޮތުގެ ފޮޓޯއެއް ނެގުމަށް އެފްޑީއައި ފޮޓޯއަށް ވަންނާނަމޭ ހިތާއެތަނަށް ދިޔައިރު އެތަންހުރީ ބަންދުކޮށްފައެވެ.

ދެން އެފްޑީއައި ކުރިމަތިން އަތަމާގޭ އަބްދުއްލަތީފު ހުސައިން މަނިކާ ދިމާވެއްޖެއެވެ. އަޅުގަނޑާ ސަލާމްކޮށް ލައްވާފައި މިއަދު އިލްޔާސްމަތިން ހަދާންވިކަމާ، އަދި މިއަދު ފެނުނީމާ ވަރަށް އުފާވެއްޖެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ނަންގަތީމެވެ. މިއަންނަނީ ޖަލުން ނުކުމެގެންނެވެ. ބަންދުކުރިކަން އެނގުނުކަމުގައި އަބްދުއްލަތީފު ވިދާޅުވިއެވެ.

އަދި ތިޔަހުރިގޮތުން ޖަލުން އަންނަނީކަން އެނގޭކަމަށް ވިދާޅުވިއެވެ. ދެން އަބްދުއްލަތީފު ވަރަށް އުފާކުރައްވާފައި ވަޑައިގަތީއެވެ. އަޅުގަނޑު އަތަމާގޭ ފާތުމައިދީއަށް ވެދުން ނަންގަތީމެވެ. މިއީ އަޅުގަނޑުގެ މަންމަކަހަލަ ދެބޭފުޅުންނެވެ. އެތައްއަހަރެއް ވަންދެން ހައްޖުމޫސުމުގައި ދިވެހިހާޖީންނަށް ޚިދުމަތްކުރުގައި އެކުގައި އުޅެވުނެވެ. ދެން ހިނގާލާފައި އައިސް ޖަވާހިރުވާދީއަށް ވަނީއެވެ.

އެންމެފުރަތަމަ ދޮށީދަރިފުޅު ޓޭންއަށް ފެނުމުން ބިރުގަތެވެ. އެހެނަސް މިއީ ދަރިފުޅުގެ ބައްޕައޭ ބުނުމުން އަޅުގަނޑުގެ އަޑުއިވުމާއެކު މަޖާވެއްޖެއެވެ. ކުޑަ ދަރިފުޅު، ރޭމް އުރާލަން އުޅުމުން ފުރަތަމަ އަޅުގަނޑު ގާތަށްނައެވެ. ދެން ގަދަކަމުން އުރާލުމުން މަޑުންފާޑަކަށް އިނީއެވެ. ދެން ފޮޓޯއެއް ނެގުނީ އެރޭ ރޭގަނޑު ނަސަންދުރަހޮޓެލްގައި އޮތްޕާޓީއަކަށް ގޮސް އެޕާޓީތެރޭގައި ތިބެ، ދެކުދިންނާއި އަންހެނުންނައި އެކުގައި ފެމެލީ ފޮޓޯއެކެވެ. އޭރު ކުދިވެރިން މަޖާކުރެއެވެ. ދެބޭން ތިބީ އުނގުގައެވެ.

އެއީ އެޕާޓީތެރޭގެ ފޮޓޯއެކެވެ. އެފޮޓޯ ފޭސްބުކްގެ އަޅުގަނޑުގެ އެކައުންޓުގައި މަތިކޮށްފައި ފެންނަން ހުންނާނެއެވެ. އެފޮޓޯގައި ޓޭން އާއި ރޭމް ތިބޭނީ އަޅުގަނޑުގެ އުނގުގައެވެ. ޓޭން ހުންނާނީ އަޅުގަނޑުގެ ވާއަތްފަރާތުގައި ހެވިފައެވެ.

ޖަލުންދޫކޮށްލި ދުވަހުރޭގައި ނެގިފެމެލީފޮޓޯ

އަޅުގަނޑު ފެނުމުން ގޭގައިތިބި އެންމެންވެސް ވަރަށް އުފާކުރިއެވެ. އެހާއަވަހަށް އާދެވިދާނެކަމުގެ އުންމީދެއްނެތި ތިއްބާ ޓަސްލާފައި ކުއްލިއަކަށް، އަޅުގަނޑު ފެނުމުންނެވެ. މަންމައާއި އިދްހާމް (ތުއްތަ) އާއި އަންދިއާއި ގެއިން ދިމާވިއެވެ. ބިގޭއާއި އިބުރޭއާވެސް ދިމާވިއެވެ. ހަންދުކައިރީގައި މިނިވަންވީ ވާހަކަފޯންކޮށްފައި ބުނީމެވެ. ދޮންދައްތައަށް ވެސް ފޯނުކޮށްފައި މިނިވަންވީ ވާހަކަބުނީމެވެ. އެންމެންވެސް އުފާކުރިއެވެ. ގެއަށް ޢީދެއް އައީއެވެ. މިހާހިސާބުން މިނުރައްކާތެރި ބަންދުން ސަލާމަތްވެ، މިންޖުވީއެވެ. ދުނިޔޭގެ އަލިކަމާއިވައިގެ ތެރެއަށް ނޭވާލެވެން ފެށީއެވެ. އަލްޙަމްދުލިއްލާހީ! އާމީން!

މިފަހަރުގެ ބަންދުކުރުމާގުޅޭ އިތުރުވާހަކަތައް:

6 ނޮވެންބަރ 2003 ވީބުރާސްފަތި ދުވަހު، ހަވީރު ޖެނީގެ ބައްޕައާއި މަންމައާ ބައްދަލުކުރީމެވެ. ޖެނީއާ ގުޅޭހުރިހާ ވާހަކަތަކެއް އެދެމަފިރިން ކައިރީގައި އިނދެ، ވަރަށް ތަފްސީލްކޮށް ކިޔައިދިނީމެވެ. އަދި ގޯގޯލަތީފް ކުރެއްވި ހުރިހާސުވާލަކަށް ޖަވާބުދިނީމެވެ. ޖެނީއާ ވަކިވަމުން ދެއްކިވާހަކަތަކާއި ޖެނީ ހުރީވަރަށް ހިތްވަރުގަދަކޮށް ކަމަށް ބުނެދިނީމެވެ.

މިބައްދަލު ވުމުގައި އަޅުގަނޑަކީ ބައްޕައާއި ދަރިފުޅާއެކު، ކުޑަގޮޅީގައި ހުރިމީހެއްގެ ހަދާންތައް ތާޒާކުރެވުނެވެ. އަޅުގަނޑުގެ ވާހަކަތައް އައްސަވާފައި، ގޯގޯލަތީފު ވަރަށްކޯފާވިއެވެ. ޖެނީއަށް ޝަރީޢަތްކޮށް ހުކުމްއިއްވާ ގޮތަށް ދޫނިދޫގައި ބެހެއްޓީކަން އަޅުގަނޑު ފަރާތުން ގޯގޯއަށް ޔަގީންވުމުން، ވަރަށްކޯފާ އިސްކުރައްވައި ތިޔަކަން ސަރުކާރަށް ދައްކާލާނަމޭ ވިދާޅުވިއެވެ. ތިޔަކަމާ އަމަލީމަސައްކަތް ފެށުމަށް ލަންކާއަށް މިފުރަނީއޭ ގޯގޯ ބުނުއްވިއެވެ.

އަދި އެއަށްފަހު، އަންނިއާ ބައްދަލުކޮށް މިހުރިހާ ވާހަކަތައް ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. މިޙާދިޘާއާ ގުޅިގެން އިސްލާހީ ހަރަކާތުގައި އިސްކޮށް އުޅެމުންގެންދާ އެންމެން ވެސްތިބީ ވަރަށްރުޅިގަދަ ވެފައެވެ. އަވަސް ހަރަކާތަށް ސަމާލުވެ، ދެގުނައަށް ކުރިޔަށް ޖެހިލާފައެވެ. އެންމެންތިބީ ރުޅިގަދަވެ، ރަތަށް އަރާފައެވެ.

މިޙާދިޘާ ހިނގުމާއެކުހެން، ރައީސް މައުމޫނާ ދެކޮޅަށާއި ސަރުކާރާ ދެކޮޅަށް، ސިޔާސީގޮތުން ފާޅުގައި ކުރެވެންހުރި ހުރިހާމަސައްކަތެއް ވަރަށް ފޯރިގަދަކޮށް ކުރެވެން ފަށައިފިއެވެ. ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުން ބޭރުގައެވެ. އެތެރޭގައިތިބި ބައެއް ސިޔާސީމީހުން، މިމަސައްކަތަށް ހުސްވެގެން ބޭރަށް ފުރުއްވިއެވެ. އަދި އެތެރޭގައި ގައިމުވެގެން ތިބި، އަޅުގަނޑު މެންކަހަލަ ސިޔާސީ މީހުން ހެސްކިޔާފައި އެތެރޭގައި އިސްލާހީ މަސައްކަތް ފަށައިގަތީއެވެ.

ރާއްޖޭން ބޭރުގައި ކުރެވުނު މަސައްކަތުގެ ތެރޭގައި އިންސާނީ ހައްގުތަކާ ޚިލާފަށް ރާއްޖޭގައި ހިނގާ ކަންކަމާއި އެހެނިހެން ގާނޫނުން ބޭރުންކުރާ ނާތަހްޒީބު ކަންތަކުގެ ވާހަކަތައް ބައިނަލް އަގްވާމީ މުޖްތަމަޢަށް ހެކިތަކާއެކު ފޯރުކޮށްދޭން ފަށައިގަތެވެ. އދ ގެ އިންސާނީ ހައްގިތަކައި ބެހޭ ޖަމާއަތަށާއި ނޭޓޯގެ އިދާރާއަށާއި ލަންކާގައި ހުންނަ އެމްބަސީ ތަކަށެވެ. އަދި ކޮމަންވެލަށެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙާމެދު ބައިނަލް އަގްވާމީ ޖަމާޢަތްތަކާއި މީޑިޔާތަކުގެ ޝައުޤު ވެރިކަން ހެސްކިޔާފައި އުފެއްދުނެވެ.

އިސާހިތަކު އިލެކްޓްރޯނިކް މީޑިޔާގައި މިވާހަކަތައް ދުވަހުން ދުވަހަށް ލިޔެވެން ފަށައިފިއެވެ. ސަންދާނު ލުތުފީއާއި އެމެރުކާގައި މިކަންތައް މިބީދައިން ފެށުމުން، ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް މަޖްބޫރުވިއެވެ. އެގޮތުގެމަތިން ސަރުކާރުން ވެސް އިސްލާހީ ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވިއެވެ. ރައީސް މައުމޫނަށް ވަރަށް ބޮޑެތި ބަދަލުތައް ގެންނަވަން މަޖުބޫރުވިއެވެ.

16 ނޮވެމްބަރ 2003 ވީއާދީއްތަ ދުވަހެވެ. މިއަދު މެންދުރެއްހާއިރު މިނިސްޓްރީ އޮފް އެޓޮލްސްއަށް އަޅުގަނޑު މިފަހަރުގެ ބަންދަށް ފަހު، ދޫކޮށްލިކަމުގެ ޗިޓު ލިބުނެވެ. އެޗިޓްގައިއޮތީ މިހެންނެވެ.

ދޫކޮށްލި ސަބަބު: “ހައްޔަރުކުރި މައްސަލައިގެ ތަހުގީގަށް އިތުރަށް ބޭނުންވާ މައުލޫމާތު ހޯދަމުންދާތީއާއި ތަހުގީގަށް އަދި ކުށްސާބިތު ނުވާތީ.”  ދޫކޮށްލީކަމަށެވެ.

ދޫކޮށްލި ތާރީޚް: 5 ނޮވެމްބަރ 2003 ވީބުދަ ދުވަހުއެވެ.

ޗިޓްނަމްބަރަކީ: 495/ 2/ 2003       ތާރީޚް: 13 ނޮވެމްބަރ 2003

ހައްޔަރުކުރި ކަމުގެޗިޓް މިނިސްޓްރި އޮފް އެޓޮލްސްއަށް ލިބުނީ، 30 ސެޕްޓެމްބަރ 2003 ގައެވެ. މިޗިޓްގައި ހައްޔަރުކުރި ސަބަބަކަށްވަނީ މިހެންނެވެ.

ހައްޔަރުކުރި ސަބަބު: “20 ސެޕްޓެމްބަރ 2003 ދުވަހު މާލޭގެ މަގުމައްޗަށް މީހުންނުކުމެ ހިންގި ޣައިރުޤާނޫނީ ޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ ތަންތާގައި އަލިފާންޖަހައި ހެދިމީހުންގެ ތެރޭގައި މީނާ ބައިވެރިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ބެލުމަށް.” މީނާމަތީގައިވާ ގޮތުގެމަތިން ހައްޔަރުކޮށް ފީމެވެ.

ހައްޔަރުކުރި ތާރީޚް: 21 ސެޕްޓެމްބަރ 2003 ވީއާދީއްތަ ދުވަހުއެވެ.

ހައްޔަރުކުރިތަން: ޕޮލިސްހެޑްކްއާޓަރޒް.

ޗިޓްނަމްބަރަކީ: 539/ 1/ 2003       ތާރީޚް: 28 ސެޕްޓެމްބަރ 2003

ޙާދިޘާއާ ގުޅޭ އިތުރުތަފްސީލް:

އާދެ! ދެން މިގެނެސްދެނީ، ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ، ރައްޔިތުންގެ ބޮޑުމަޖިލީހުގެ ތަޅުމުގައި މިހާރު ބޭނުން ކުރަމުންގެންދާ ގާނޫނުއަސާސީ، 2008މ. 1429ހ. ގައި “ޢަދުލް އިންސާފުގެ ބާބު” ލިޔުމަށް ބަހުސްކުރަން އެޖެންޑާކުރެވުނު، “ޝަރުޢީނިޒާމާ ބެހޭ ބަޙުޘްކުރުން” މިމައުޟޫގެ ދަށުން، އަޅުގަނޑު ބޮޑުމަޖިލީހުގެ ތަޅުމުގައި ދެއްކިވާހަކަ ތަކުގައި މިފަހަރު އަޅުގަނޑު ބަންދުކުރެވުނު ޙާދިޘާ ސިފަކޮށް ދިންގޮތެވެ.

އީވާން މަރާލުމާއި ޖަލުގައި ބަޑިޖެހި ޙާދިޘާ ބޮޑުމަޖިލީހުގައި، އަޅުގަނޑު ސިފަކޮށްދިން ގޮތް މިތާނގައި ގެނެސް މިދެނީ، ދިވެހި ތާރީޚަށްޓަކައެވެ. މިފަދަ ޙާދިޘާތަކުގެ ހަގީގަތް، ދެފަރާތް އެނގޭގޮތަށް ދިވެހި ކިޔަވާ ކުދިންނަށް ހާމަކޮށް ދިނުމުގެ މަތިވެރި ބޭނުމުގައެވެ.

“އާދެ! ޤާނޫނުއަސާސީގައި ޢަދުލު އިންސާފާ ބެހޭ ބާބު އިންސާފުވެރި ގޮތަކަށް ލިޔެވޭނެ ކަމާމެދު މިހާރު އަޅުގަނޑަށް ޝައްކާއި ވަސްވާސް އުފެދިއްޖެ! ވަކިފަރާތެއްގެ ނުފޫޒެއް ނެތި އަސާސީ އެކުލަވާލަން ތިއްބެވި “ޢިއްޒަތްތެރި މެންބަރުންގެ ޢިއްޒަތްތެރި ރައީސް” އަލްފާޟިލް އައްބާސް އިބްރާހިމްގެ ޢަދުލުވެރިކަން މިދަނީ ފެންނަމުން ތަޖުރިބާ ކުރެވެމުން. މިފަދަ ރައީސެއް އިސްކޮށް އިންނަވައިގެން ފުރިހަމަ ޢަދުލުވެރި އިންސާފުވެރި އަސާސީއެއް އެކުލަވައެއް ނުލެވޭނެކަން ޔަގީން.

ޝަރުޢީ ނިޒާމާބެހޭގޮތުން މުސްްތަގިއްލު ބާބެއް ނުލިޔެވޭނެކަން ކަށަވަރު. އަސާސީ އިސްލާހުކުރުމުގެ މަސައްކަތް، ރައްޔިތުން ރުހޭގޮތަށް ކުރަންޏާ، މިހާތަނަށް މިފެނުނު މަންޒަރުތަކާއި ސާބިތު ހެކިތަކަށް ބިނާކޮށް ފުރަތަމަ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޚާއްޞަމަޖިލީހުގެ ރައީސް އައްބާސް އިބްރާހިމް އެމަގާމުން ބޭރުކުރަންވީ. ދުރުކުރަންވީ.

އަދި އެއަށްފަހު ރައީސުލް ޖުމުހޫރިއްޔާގެ އަމިއްލަ އިޚްތިޔާރުން ހޮއްވަވާ އައްޔަންކޮށް މަޖިލީހަށް ވައްދާފައިވާ ބާރާއި (ދެމަޖިލީހުގައި ގެންގުޅުއްވާ، 16 ބޭކަލުން) ވަޒީރުންގެ ގޮތުގައި މަޖިލީހުގައި އޮންނަ ބާރު (މުޅިކެބިނެޓް) މަޖިލީހުގެ ތަޅުމުން ބޭރުކުރަންވީ. މިއީ ވަރަށް މުހިއްމު ފިޔަވަޅެއް. ފުރަތަމަ މިބަހުސްކޮށް ރައީސުލް ޖުމުހޫރިއްޔާގެ ބޮޑުބާރުގެ ގޮތުގައި މަޖިލީހުގައި ހިމެނޭ، މިދެންނެވި، 29 މެންބަރުންގެ ވަރުގަދަ ފައުޖު ބޭރުކޮށްލެވިގެން ނޫނީ، ޝަރުޢީ ނިޒާމު ހިންގާނެ ފުރިހަމަ އޮނިގަނޑެއް އެކަށައަޅާ ނުލިޔެވޭނެކަން އަޅުގަނޑަށް ޔަގީން.

ޢަދުލު އިންސާފު ބޭނުމިއްޔާ ފުރަތަމަ ކަންތައް ފުރަތަމަ ފިޔަވަޅެއްގެގޮތުގައި ކޮށް ނިންމަންވީ ވަގުތަކީ، މިއީކަން އަޅުގަނޑަށް ޔަގީން. ވަގުތު ބޭކާރު ކުރާނެ ކަމެއްނެތް. ގައުމީ އެއްބައިވަންތަ ސަރުކާރެކޭ ކިޔައި ޚިޔާލީ ފޮލާ ކައްކައިގެން ކައިގެން މަޖާކޮށް ހެދުމަށް ފަހު، އިސްލާޙު ބޭނުމެއް ނުވޭ! އިސްލާޙު ބޭނުންވަނީ މިހާރުން މިހާރަށް ވީހާއަވަހަށް ގެންނަން!!!

އަޅުގަނޑުމެން ޝަރުޢީ ނިޒާމާބެހޭ ވާހަކަ، އަސާސީގައި ލިޔުމަށް ބަހުސް ކުރިއިރު ޚާއްސަމަޖިލީހުގެ ރައީސް އައްބާސްގެ ހާލުފުޅަކީ، ކޮބައިތޯ ބަލާލަން އެބަޖެހޭ. އަމިއްލަ ދަރިފުޅު ޓެރަރިޒަމްގެ ޢަމަލެއްގައި ތުހުމަތުކުރެވި ބެދުނީމާ، ރައީސުލް ޖުމުހޫރިއްޔާގެ ލޮބުވެތި އަނބިކަނބަލުންނާ ގުޅައިގެން، އެސޮރު ބަންދުގާ ހުއްޓާނެރެ، އިނގިރޭސިވިލާތަށް ފުރުވާލެއްވުނީ، ކީއްވެތޯ؟ މިފަދަ އިންސާފުވެރި މުސްތަގިއްލު މަޖިލީހެއްގެ ރައީސެއްގެ ހައިބަތާއި ޤަދަރު މިލްކު ކޮށްގެން އިންނަވަން ލަދެއް ނުގަނޭތޯ؟ ހަމަ އެމައްސަލާގައި ތުހުމަތު ކުރެވުނު އެހެން މީހުންނަށް ދޮގު ބަޔާންތަކެއް އީޖާދުކޮށް، ސިފައިން ލައްވާ ސޮއިކުރުވާ ހަދައިގެން މިހާރުވަނީ ޝަރުޢީ ޙުކުމް އިއްވާފައި.

ޚުދު އަޅުގަނޑުވެސް އެތުހުމަތުގައި 45 ދުވަހު ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުންނޭ ބުނެ އޭނާގެ ގަދަވެގެންވާ އަޒާބުގައި ހައްޔަރުކޮށްފައި ބެހެއްޓި. ޝަހީދު ހަސަންއީވާން ނަސީމުގެ މަރާ ގުޅިގެން އެނާ މަރާލެވުނު ދުވަހު މާލެތެރޭގައި ހިނގި، ކަންތައްތަކުގެ މޭސްތިރިއާގެ ލަގަބު އަޅުގަނޑަށްދީ، އެތުހުމަތު އަޅުގަނޑުގެ ބޮލުގައި އަޅުވަންވެގެން ކަންތައްކުރި ގޮތަކީ، ކޮބައިތޯ؟ ދަންނަވަންތޯ؟

އެހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު އާދެ! 2003 ސެޕްޓެމްބަރު 21 ވަނަ ދުވަހު، ރައީސް އޮފީހަށް ހުރިހާ ވަޒީރުން އެއްކުރެއްވުމަށް ފަހު، މަޝްވަރާކޮށް ނިންމެވީ، މިކަންތައްގަނޑު ބޮލުގައި އަޅުވަން އެންމެ ރަނގަޅުވާނީ އަޅުގަނޑު، ޖަވާހިރުވާދީ އިލްޔާސް ކަމަށް. އާދެ! މިތާ މިތަޅުމުގައި މިހާރުވެސް މިއިންނެވި، ނ.އަތޮޅު ތަމްސީލު ކުރައްވާ ޢިއްޒަތްތެރި ވަޒީރު ސާހިބު، (ޔާމީން) މީހެއްގެ ގާތުގައި ވިދާޅުވި އެދުވަހު، ހިނގާ ދިޔަ ހުރިހާ ކަމެއް ހިންގީ ޖަވާހިރުވާދީ އިލްޔާސޭ. އޭނާ އެދުވަހު މަގުމައްޗަށް ނުކުތްޓީމު، ލީޑްކޮށްދޭން އުޅުނޭ، ދަބަސް ގަނޑެއް ކޮނޑުގައި އަޅުވައިގެންނޭއުޅުނީ.

އަދި ކުރަންވީ މުހިންމު ކަންތައްތަކުގެ ލިސްޓެއް އެދަބަހުގައި ފޮރުވައިގެން ގެންގުޅުނޭ، (ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި ވަޒީރުންގެ ޖަލްސާގައި އެދުވަހު، މިވާހަކަ ދަށްކަވާ، އެއީ އަޅުގަނޑު އިސްކޮށް ހުރެގެން ހިންގި ކަމެއް ކަމަށް ހެއްކާއެކު ދައްކުވައި ދެއްވީ، އޮނަރަބްލް ސަމަރު ބްލޫ އިބްރާހީމް މަނިކެވެ.)

އަދި އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ރާއްޖެތެރެއާ ބެހޭ ވަޒީރު، އެދުވަހުގެ ވަޒީރުންގެ މަޝްވަރާ ބައްދަލުވުން ނިންމަވާފައި ވަޑައިގެން އެޓޯލްސް މިނިސްޓްރީގެ ކުރިމަތީއޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައި ގެންނެވިއިރު، އޮފީހުގެ ރަސްމީގަޑި ކަމުގައިވާ، 2.30 ހަމަވެ ނިމުމާ ގުޅިގެން އަޅުގަނޑުހުރީ އެދިމާލުން ބޭރަށް ނުކުމެ ގެއަށްދާން ތައްޔާރުވެގެން.

ދުރުން މިނިސްޓަރަށް އަޅުގަނޑު ފެނުމާއެކު، އަޅުގަނޑަށް ޢިޝާރާތް ކުރައްވާ ކާރުގައި ދުއްވަން އިން ޑްރައިވަރަށް ދަންނަވަނީ؛ އިއްޔެ މާލެތެރޭގައި ހިނގާދިޔަ ހުރިހާ ކަމެއްގެ އަޑީގައި ބޮޑުމީހަކަށް އިސްކޮށް ހުރީ، އެހެރަ އިލްޔާސޭ. (މިޚަބަރު އަޅުގަނޑަށް ގެނެސްދިނީ، ކާރުކޮޅުތެރޭގައި އިންނެވި، އަޅުގަނޑުގެ ޝަޚުޞިއްޔަތު ހުންނަގޮތުން އަޅުގަނޑަށް ހަމްދަރުދީވާ މީހެކެވެ.ހަމީދުގެ އިތުރަށް އެކާރުގައި އިންނާނީ އޭނާއެކަންޏެވެ.)

އާދެ މިކަން ރާވައިފާ އޮތްލެއް މިޅުކަމުން ކެބިނެޓުގެ ވަޒީރުން އެތިއްބެވީ އަޅުގަނޑު ހިންގިކަމެއް ކަމުގައި ގަބޫލު ކުރައްވައި ގެންނެވެ.  މިހުންނަނީ އޭރުކަންކުރާ ގޮތެވެ. ރައީސް މައުމޫނައި އާދަމްޒާހިރު ބޭނުންގޮތަކަށް ބޭނުންވާކަމެއް ރާވާލައެވެ. އަދި ތަންފީޒުކޮށްލައެވެ.

އާދެ ހަމީދު ކާރުކޮޅުގައި އޭރު، އިންނެވިއިރު، އެހިނދު އަޅުގަނޑު ހިފާހައްޔަރު ކުރުމަށް ހޯދަން އައިސް ތިބި ސިފައިންގެ މީހުން ކުރިމަތީގައި ތިބެގެން އެޓޯލްސްގެ މުއައްޒަފެއްގެ ކައިރީގައި އިލްޔާސް ކޮބާތޯ؟ އަހާ ސުވާލުކުރާތަން އަޅުގަނޑަށް ފެނޭ. ހަމީދިކާރޮޅު ވެސް އެތާ އޮއްވާ ފެނެއެވެ. އެތަނުން ކުއްޖަކު އަޅުގަނޑު ދެއްކުމުން އިލްޔާސްކަން ޔަގީންކޮށްލަން އަހާލި އެއްޗެއް އަހާލުމަށްފަހު އިތުރު އެހެންވާހަކައެއް ނުދައްކާ އަޅުގަނޑު ގެންގޮސް ވެއްދީ ޖަލަށް. ކުޑަގޮޅިއަށް. ދެން ފެށުނީ ރައިސް މައުމޫނުގެ އަނިޔާވެރި އަޒާބުތައް.

އާދެ! މިއީ ވަޒީރުން ކުރެއްވި މަޝްވަރާގެ ނަތީޖާ. އަވަހެއްނޫންތޯ އަމަލީ ސިފަ ގެނެވެން ފެށިލެއް!!! އަދި، އޭރަކު މިނިސްޓަރ ހަމީދަށް ގެއަށް ވަޑައެއް ނުގެންނެވޭނެ ކަން ކަށަވަރެވެ. އެދުވަހުގެ ހަރަކާތް ތަކުގައި އަޅުގަނޑު އުޅުނު ކަމަށް ސިފަކޮށް، ސޫރަ ކޮށްގެން އެއުޅުނީ އެހެންމީހެއްގެ ފޮޓޯއާއި ވީޑިޔޯ، އަޅުގަނޑުގެ ސިފާގައި ފެނިގެން. ސިފަކުރެވިގެން. ސޫރަކުރެވިގެން. މިކަންތައް މިގޮތަށް ކުރީ، ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގެ ދަށުން. މިފަދަ ނިޒާމެއްގެ ވާހަކަ އަޅުގަނޑުމެން މިދައްކަނީ، ހަމަ ޔަގީނުންވެސް އިޚްލާސްތެރި ކަމާއެކު، އިސްލާހުކުރުމުގެ ނިޔަތުގައި. އެހެނަސް ކަން އޮތްގޮތް ކުރިމަތީގައި މިއޮތީ ރީތިކޮށް ފެންނަން.

ޝަހީދު ހަސަންއީވާން ނަސީމް މަރުވި ދުވަހު، އޭނާގެ މޫނު ފުރަތަމައަށް ކަޝްފުކޮށް، ދުށުމަށް ފަހު، ސަހަރާ މިސްކިތުގައި ޢަޞުރު ނަމާދު ޖަމާއަތުގައި ކޮށްގެން އަޅުގަނޑު ދިޔައީ ހުޅުމާލޭފެރީ ޓާމިނަލަށް. ދެން، އަޅުގަނޑު އުޅުނީ ހުޅުމާލޭގައި. މާލެ އާދެވުނީ ރޭގަނޑު އަށްގަޑިބައިވެ ބޮޑުވިފަހުން.

އޭރު އަތިރިމަތީގެ ހުރިހާ ހިސާބެއްގައި ތިބީ، މުޅިމާލެ ކޮންޓްރޯލް ކޮށްގެން ތިބި ސިފައިން، ބަރިބަރިއަށް ސަފުހަދައިގެން. ކަރަންޓު މުގުރާއި ތައްޔާރީ ހާލަތުގެ އޭތިމީތި ހިފައިގެން. ޓޭންކު ވަށްތަރުގެ ބަޑިހަރުކޮށް ފައިހުރި (އާމަޑް) ވެހިކަލެއްގައި ސިފައިންގެ ސަރަހައްދަށާއި ކޯސްޓްގާރޑް ބިލްޑިންގް ކާރިޔަށް ނުދިއުމަށް އަޑުގަދަކޮށް ގޮވަމުން ގެންދިޔަ. އަޅުގަނޑު ފައިމަގުގައި ބީޗުމަގުން، ހިނގާފަ ގޮސް ގެއަށް ވަނީ.

ދެން ނުކުތީ އަނެއްދުވަހު ހެދުނު އޮފީހަށް، އެޓޮލްސަށް ދިއުމަށް. އެޓޮލްސުން ގެންދެވުނީ ސީދާޖަލަށް. އާދެ! އަޅުގަނޑު މިދަންނަވާލީ މިހާރުގެ ސަރުކާރުން ޢަދުލު އިންސާފު ގާއިމުކުރުމުގައި ކަންތައް ކުރާގޮތުގެ ބޮޑު ވެގެންވާ ރީތި މިސާލެއް.

ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީ ނިޒާމުގައި ހުރި މޮޅުކަން. އަސާސީގައި ލިޔެވިފައި ހުރި ރީތި ޢިބާރާތްތަކާއި ލިޔުންތައް ހަމަ ހުރިގޮތަށް ފަނޑުވުމެއް ނެތި އެބަހުރި. މުޅި ޝަރުޢީ ނިޒާމުގައި އޮތީ ސިޔާސީ ކުލަވަރު ޖެހިފަ. ވަށްތަރެއްގެ އަމިއްލަ ސަގާފަތެއްގެ ސިފަޖެހިފަ. ވާކަމެއް ހަމަ ހަރާމުން ހަރާމް. ހައްގު ލިބިދީ، ހޯދައިދެވޭ އެކަކުވެސް ނެތް. ހުރިހާ ބޮޑުން އެއްވެފައި، ރައީސް އޮފީހުން އެނެރޭ ބާރުތައް މާވަރުގަދަ.

އާދެ! ކިތަންމެ މޮޅަށް އަސާސީގައި އަދުލު އިންސާފުގެ ބާބު ލިޔުނަސް ރައީސް މައުމޫނުގެ އަމިއްލަ ސަގާފަތަކަށް ހަދާފައިވާ، ބަގުޑިބެއްދުމުގެ މިސިސްޓަމުގައި ވާނެކަމެއް ނޯންނާނެ. ހުރިހާކަމެއް ހިންގަމުން ގެންދާނީ ރައީސް އޮފީހުން. ގަނޑުވަރުން. ތަހުގީގަކަށް ވިޔަސް، ހުކުމަކަށް، ވިޔަސް ރައީސް މައުމޫނު އަންގަވާ ގޮތަށް، ވަރަށް އޮމާން ކަމާއެކު ކުރިއަށް ދާތަން ފެންނަމުންދޭ.

މިސް ޖެނިފާ ލަތީފްގެ މައްޗަށް އެހެރީ ހުކުމް އިއްވާފަ. މިހާރު ހުކުމް ތަންފީޒުކުރަމުން އެގެންދަނީ. ސިޔާސީ ބޭނުމެއް އެހިފަނީ. އެހެނަސް މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސްގެ ދަރިފުޅު އެހެރީ އިގިރޭސިވިލާތުގަ، މިނިވަނެއްގެ ގޮތުގައި އަރާމް ކުރަން. މަސްތުގައި މިނިވަން ކަމަށް ދޫކޮށް ލެވިފަ. އަމިއްލަ އެދުމުގެ ބޭނުމެއް އެހިފަނީ. ޢަދުލު އިންސާފު އޮތީ އޮތްތާގައި ބަނޑޭރި ގަނޑުތެރޭގައި. އެއްޗެއް ބުނަން ކެރެނީ ކާކަށްތޯ! އަޅުގަނޑުމެން މިތިބީ އެވަރުގެ ރައީސެއް ކުރިމަތީ ބައިންދައިގެން، އަޅުވެތިވެފަ.

އާދެ! އަޅުގަނޑާ ދެކޮޅަށް ހެކިބަސް ދެފަހަރަކު ލިޔެ ތައްޔާރުކުރި. މައްޗަންގޯޅި ނައިބުގެއަށް ނިސްބަތްވާ ހަލީމެކޭ ކިޔުނު އޮފިސަރަކު، މިކަންތައްގަނޑު ހިންގީ ނުލާހިކު ހީލަތްތެރި ކަމާއެކު. މަކަރާއެކު. އެހެނަސް ތައްޔާރު ކުރެވުނު ބަޔާން ތަކުގައި ސޮއިކުރަން ކެރޭވަރުގެ ސިފައިންގެ މީހަކުވެސް އަދި ޕާޓޭންގެ ގޮލައަކުވެސް ނުވި.

ޖެނީގެ މައްޗަށް ހެކިބަސް އުފެއްދި ގޮތަށް މިމީހުންނަށް އަޅުގަނޑުގެ މައްޗަށް މިފަދަ ދޮގުބަޔާން ތަކެއް، ﷲ ގެ އިރާދަފުޅުން ނުހޯދުނު. އީޖާދެއްވެސް ނުކުރެވުނު. ޖެހުނީ 45 ދުވަހު އަނިޔާ ކުރުމަށްފަހު، ދޫކޮށްލަން. އެހެންވެ މިހިރީ މިނިވަންކޮށް.

ހަރަކާތްތެރިވާ ކަށިނެތް ދުލެއް، ﷲ ތަޢާލާ ދެއްވާފައިވާތީ މިގެންދަނީ ހައްގު ބަސް ބުނަމުން. މިތަޅުމުގައި ސިންގާއެއްހެން ބާރުގަދަކޮށް މިހުރީ. މިއީ އަަނިޔާވެރިންގެ މައްޗަށް، ﷲގެ ކުޅަދުން ވަންތަކަން ހާމަވެފައިވާ މިންވަރު. ވިސްނާ ފިކުރުކުރާ ބަޔަކަށް އެނގޭހުށި! އަލް ޙަމްދު ލިއްލާހި ރައްބިލް ޢާލަމީން!!!

އާދެ! ރައީސް މައުމޫނުގެ ވަޟަޢީ، ޝަރުޢީނިޒާމުގެ ވާހަކަ ދައްކާއިރު މިއީ ކޮންމެހެންވެސް ބަލާލަންޖެހޭ މުހިއްމު ބާބެއް. ރައީސް މައުމޫނުގެ، މިކަޅު ދޮރާށިން ޢިބްރަތް ނުހޯދާ މިގައުމުގައި ޢަދުލު އިންސާފު ހޯދޭކަށް ނޯންނާނެ. އާދެ! މިދެންނެވި ތަހުގީގުގެ އެންމެ ހެއްވާކަމަކީ، ރައީސް މައުމޫނުގެ ބޮލުން މިކަންތައް ނައްޓާލުމުގެ ބޭނުމުގައި މުޅި ގައުމަށް އިއުލާނެއް ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން މި ތަހުގީގުގައި ގާވެފައި ތިބޭ ބޮޑެތި ބުދުކޮއްކޮއިންގެ ގޮތުގައި، ރައީސް މައުމޫނުގެ އަމިއްލަ ސަލާމަތުގެ ބޭނުމަށް ބޭތިއްބެވިކަން.

މިއީ ވަރަށް މޮޅަށް ހިންގި ހެއްވާ ތަހުގީގެއް. އަޅުގަނޑާ ކުރިމަތިވި މޫނުތަކުގެ ތެރޭގައި މުޅި މަޖިލީހުގެ ތާރީޚުގައި ވެސް ރައްޔިތުންގެ ޙައްގުގައި މިހާތަނަށް ބަހެއް ބުނެފައި ނެތް އަލްފާޟިލް ކެލާ ނިޒާމަކާއި ގދ.ގެ އިއްޒަތްތެރި ސިދްގީ އަކާއި ގއ.ގެ އިއްޒަތްތެރި ރާމިޒެއް ހިމެނޭ.

އަދި ނ.އަތޮޅުގެ ޢިއްޒަތްތެރިމެންބަރު ޢަލީ މުޙައްމަދުވެސް އެތަހުގީގުގައި ބުދެއްހެން ގެންގުޅުއްވި. އަދި، އަލަށް ފެއްޓެވި ކަމެއްގެ ގޮތުގައި، އޭޖީ އޮފީހުގެ ބޮޑު ގުރޫޕެއް ވެސް ތަހުގީގުގައި ގެންގުޅުއްވި. ދައުވާކުރަން ތިބޭބަޔަކު ތަހުގީގު އަޑުއަހާ ލަފާދޭން އައިސް ތިބޭތަން މިފެންނަނީ އަލަށް. މިއެންމެން އުޅުނަސް، ތަހުގީގުގެ ހުރިހާ ކަމެއް ކުރީ ފުލުހުންނާއި ސިފައިން.

ޢިއްޒަތްތެރި މެންބަރުން ގެންގުޅުނީ ބައިނަލް އަގްވާމީ މުޖުތަމަޢުއަށް ދަޅަދައްކާ އަނދުން އަޅުވަން. އެވެރިން އުފާކޮށް ރިޔާސީ އިންތިޚާބުގައި މަޖިލިސް ވޯޓުން އިއްތިފާގު ހޯދުމަށް، އޭޖީ އޮފީހު ޓީމުގެންގުޅުނީ، ދައުވާ ކުރަން ފަސޭހަވާ ގޮތަށް ބަޔާންތައް ކޮށާމަށާ ކިއްސަރު ކުރަން.

އާދެ! މިއީ އަސާސީގެ ދަށުން މިގައުމުގައި ޝަރުޢީ ނިޒާމް ތަންފީޒުކުރާ ގޮތުގެ ކުޑަމިންވަރެއް. ހަގީގަތުގައި މިއީ ޝަރުޢީ ނިޒާމަށް ކުރަފި އަރުވަން ކެއްކި ބޮޑުހަކުރު ގަނޑެއް. އިރާދަ ކުރެއްވިއްޔާ ދުވަހެއް ދުވަހަކަށް ދާނީ ފަޟީހަތް ވަމުން. ރައްޔިތުންނަށް ހަގީގަތްތައް ފަޅާއަރަމުން. ފޮރުވައިގެން ގެންގުޅުނު އެންމެ އަޑީގެ ސިއްރުތައް ބޭޒާރުވަމުން ބަލިކަށި ވަމުން. ރޫޅެމުން. ޟަޢީފު ވަމުން.

އެއިގެ ހެއްކެއް ދަންނަވާލާނަން. ދަޢުވަތު ދީގެން އެމެރިކާއިން ގެންނެވި މާމޮޅު ޕްރޮފެސަރެއް ކަމުގައިވާ މރ.ޕޯލް ރޮބިންސަން އެކުލަވާލި ރިޕޯޓްގައި އޭނާ ވިދާޅުވެފައި ވަނީ، ދިވެހި ރާއްޖޭގައި ހިނގަމުންދާ ޝަރުޢީ ނިޒާމުވަނީ ދިވެހިންނަށް، ޢަދުލު އިންސާފުގެނެސް ދިނުމަށް ނުކުޅެދިފައޭ.

އާދެ! މިހެން މިވާންޖެހުނީ ރައީސް މައުމޫނަކީ ހުރިހާ ބާރަކަށް ވުރެ އެންމެ މަތީ ބާރުކަމަށް އަމިއްލައަށް ދެކި، ކުޑަ ރަސްކަލާގެއަކަށް ހެދިގެން، އެގޮތަށް އެކަންތައް ކުރައްވަމުން ގެންދަވާތީ. ރައްޔިތުންވެސް އެގޮތް ރުހިގެން ކުޅިބަލަން ތިބޭތީ. އަތްތިލަ ބަޑިޖަހާއި ނަށާތީ. ރައްޔިތުން މަޖިލީހުން ވެސް އެކަން ގަބޫލުކޮށް އަމިއްލައަށް ކޮނޑުއަޅައި އެބުރަ އުފުއްލަވައިގެން ހަމަހިމޭންކޮށް މަޑުމަޑުން ތިއްބަވާތީ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ މިހާރު އޮންނަ ގޮތުން ރައީސް މައުމޫނު އައްޔަން ކުރައްވާ އޭނާގެ މީހަކަށް ވާތީ. ކަން މިހެން އޮތަސް، ރައްޔިތުންގެ ދެމަޖިލީހުގެ ދެރައީސުން ވެސް، އުފުއްލަވަންޖެހޭ ޒިއްމާ ތަކެއް ވެސް މިކަންކަމުގައި ވާނެ. ހަމަގައިމުވެސް ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ދުވަހެއް އަންނާނެ. އެދުވަހަކުން ރައީސް މައުމޫނުގެ އެހީއެއް ނުވާނެ. ނުލިބޭނެ.” އަލިފުހާ.

އެފަހަރު ރިޔާސީއިންތިޚާބުގައި މަޖިލިސް އިއްތިފާގު ހޯއްދެވޮގޮތް:

އާދެ! ދެން މިގެނެސްދެނީ މިޙާދިޘާއާ ގުޅިގެން އެފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިއްތިފާގު ރައީސް މައުމޫނު ހޯއްދެވި ގޮތުގެ ތަފްސީލެވެ. އަންނި ޖަލުގައި ހައްޔަރުގައި ބެހެއްޓުމަށް ފަހު، ޅ.އަތޮޅުގެ އިއްޒަތްތެރި މެމްބަރު އިބްރާހީމް މުހަންމަދު ސޯލިޙް (އިބޫ) ގެވޯޓު ހޯއްދެވި ގޮތުގެ ފުރިހަމަ ތަފްސީލެވެ. މިއީ ވެސް މިޙާދިޘާއާ ގުޅުންހުރި ކަމަކަށް ވާތީ މިތާނގައި މިވާހަތައް ގެނެސްދެނީއެވެ.

“އަދި، 2003މ. ވަނަ އަހަރުގައި އިއްތިފާޤު ލިބުމުގެ ޝަރަފު ހޯއްދެވީ، 19، 20 ސެޕްޓެމްބަރު 2003މ، ގައި ހިނގިޙާދިޘާތަކާ، ވިއްދައިގެން ކުރެވުނު ގިނަގުނަ ސިޔާސީ މަސައްކަތާ ގުޅިގެންނެވެ. މިފަހަރުގެ މަސައްކަތްތަކުގެ އިސް މޭސްތިރިއަކީ، ކޮއްކޯފުޅު އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫ މެވެ. ތަންފީޒުކޮށްދިނީ އާދަމްޒާހިރެވެ. އޭރު ޔާމީނަކީ އެންމެ ބޮޑަށް މައުމޫނަށް އިޚުލާސްތެރި ވަޒީރެވެ.

އާދަމްޒާހިރައި ގުޅިގެން މައުމޫ ދިފާއުކޮށް ދިނުމުގައި އެންމެ ގަދަޔަށް އުޅުއްވަނީ ޔާމީނެވެ. ސިފައިން އަނިޔާކޮށް ޝަހީދުކޮށްލި އީވާން ނަސީމާއި ޖަލުގައި ޖެހިބަޑީގެ ވަޒަންތަކުގެ މަރާގުޅިގެން، 20 ވަނަ ދުވަހު، މާލެތެރޭގައި ޢައްބާސް އިބްރާހީމުގެ ދަރިކަލުން، ޒިޔާ ޢައްބާސް އިބްރާހީމު އިސްކޮށް ހުންނަވައިގެން، އޭނާގެ އަމުރުމަޢުރޫފު ހިނގާޕާޓޭންގެ ގުރޫޕެއްގެ މަސައްކަތުން، މާލޭގެ މަގުމައްޗަށް ބަޔަކު މީހުންނުކުމެ ހިންގިޣައިރު ޤާނޫނީޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ، ތަންތާގައި އަލިފާންޖަހައި، ހިންގިހުރިހާ ޙަރަކާތެއްގެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އެޅުވުމަށް ފަހު، އަޅުގަނޑު ބަހައްޓާފައިހުރީ، އަނދިރި ބިންގަރާހެއްގެ ޖަލުގެކުޑަގޮޅީގައި ހައްޔަރު ކޮށްފައެވެ.

މިއީ މީގެކުރިންވެސް މިކަން ކުރަމުން ދިޔަގޮތެވެ. ސިޔާސީ ބޮޑެތިތުހުމަތު ތަކުގައި އެންމެކުރިން ހިފާހައްޔަރު ކޮށްފައިހުރީ، ސީދާ އަޅުގަނޑެވެ. 1990މ، ވަނަ އަހަރު ބިންބިފޯހުގެ އިސް އަމުރު ވެރިޔަކަށް އެންދެރިމާގޭ ޢައްބާސް އިބްރާހީމް ހުންނަވައިގެން މާލެތެރޭގައި ހިންގުނު، “ކުޑަހުޅުޖެހުމުގެ ޙާދިޘާ” ގައި ވެސް އެންމެއިސްކޮށް ހައްޔަރުކުރީ ސީދާ އަޅުގަނޑެވެ.

އާދެ! “ބޮޑުހުޅުޖެހުމެގެ ޙާދިޘާ” އަކީ ދިވެހިތާރީޚުގައި މާކުރިން ހިނގާފައިވާ ސިޔާސީ ހުޅުޖެހުމެކެވެ. 1990މ. ވަނަ އަހަރުމާލެ ތެރޭގައި ބަޔަކުހިންގި ހުޅުޖެހުމުގެ ޙާދިޘާއަކީ ވެސް ސިޔާސީ ހުޅުޖެހުމެކެވެ. އެހުޅުޖެހުމަށް އަޅުގަނޑު ދީފައިވާ ނަމަކީ، “ކުޑަހުޅު ޖެހުމުގެ ޙާދިޘާ” މިހެންނެވެ.

ބޮޑުހުޅު ޖެހުމުގެ ޙާދިޘާ ލިޔުއްވާފައިވަނީ އަލްމަރްޙޫމް އަބްދުލް ޙަކީމްޙުސައިން މަނިކެވެ. ކުޑަފޮތެއްގެ ގޮތުގައި އެވާހަކަލިޔުއްވައި ނެރުއްވާފައި އޮންނާނެއެވެ. ހޯއްދަވައިގެން މުތާލިއާ ކުރައްވާށެވެ. އެންދެރިމާގޭ އައްބާހާއި އިލްޔާސްގެ ބިންބިފޯހުގެ ސިޔާސީ ހުޅުޖެހުމައި އެއްވެސް ތަފާތެއް ނުވާނެއެވެ.

ފަހެ، އެކަމާ ކުރެވުނު ބަންދުގައި އަޅުގަނޑު ދީފައިވާ ބަޔާންތަކެއް ކަމަށްބުނެ، ޤައުމީ ޓީވީންނާއި ރޭޑިޔޯއިން ގެނެސްދިނީ، ނަކަލީބަޔާން ތަކެއް ސިފައިން އަމިއްލައަށް އުފައްދާއި ހަދަހަދައި ގެންނެވެ. އެބަޔާން ތަކަކީ، ތަޙުޤީޤުކުރި ސިފައިން އަމިއްލައަށް އަޅުގަނޑުގެ ނަކަލީ ސޮއިޖަހައިގެން އިޖާދުކުރި އެއްޗެކެވެ.

މާލެތެރޭގައި ކުޑަހުޅުޖެހުމުގެ ޙާދިޘާ ހިންގިކުދިން ތެތްއަތާ އެކު ހިފުނީ، މިކަމުގެ ތުހުމަތުގައި އަޅުގަނޑު ޖަލުގައި ބައިންދާފައި އިންދައެވެ. އެކުދިން އަތުވުމަކީ، އަޅުގަނޑުގެ ދުޢާއާއި ނަޞީބެވެ. އެހެންނޫންނަމަ އެކަމުގެ ޝަރުޢީޙުކުމް އިއްވީހީ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންގެ މައްޗަށްކަން ކަށަވަރެވެ.

އެދުވަސްވަރު އިޢުތިރާފު ހޯދުމަކީ، އުނދަގު ކަމެއްނޫނެވެ. ބަޔާންތައް ތައްޔާރުކޮށް ކޮށާމަށާއިހަދާނީ، ސިފައިންނެވެ. އަނދަގޮނޑިޖެހުމާއި ޗޭނުޖަހާ ވާންކުރުމާއި އެއްހުޅުބިޑި އެޅުވުމާއި ކީސްބިޑި އެޅުވުމާއި އެއްއަތާއި އެއްފަޔާއެކު ގުދުކޮށްފައި ބިޑިއެޅުވުމާއި އަދިވެސް އާވައްތަރު ވައްތަރުގެ، ޖަމަލު އޮބަހައްޓަން އަޅުވާޒާތުގެ ދަބަރުޖަހާފައި ހުންނަ ދަނގަނޑުބިޑި ވެސްއޭރު ގެންގުޅުނެވެ. އަޅުގަނޑުމެންގެ އަތުގައި މިވަށްތަރުގެ ބިޑިތައް އަޅުވާހެދިއެވެ. އަދި، ސިފައިން ތިބެގެން ސީދާކޮށް، ކުރަމުންގެންދާ އަނިޔާތަކުގެ ބޮޑެތި އަހުވާތައް ދެއްކުމަކީ، ބަޔާން ފުރިހަމަ ކުރުމުގެ ހުނަރުތަކެވެ.

ހިސާބު އަކުރުގެ އަށެއްހެންއޮތް، ދަބަރުކުލައިގެ އެއްހުޅުލީ ބިޑިއެއް އަޅުގަނޑުގެ ދެއަތްއެއްކޮށް ފިއްތައި ގަދަކަމުން ހަންގަނޑާއެކު، ސުލޭމާނޭ ކިޔުނު ސިފައިންގެ ބޭކަލަކު އެޅުވީ، އަބްދުއްޝަކޫރު ޢަބްދުﷲ އިސްކޮށް އިންނެވި ތަޙުޤީޤު ކޮމެޓީއެއްގެ ކުރިމަތީގައި އޭނާގެ އޯޑަރަށެވެ. މިއީ އިނގިރޭސި ވިލާތު ކުންފުންޏެއްގެ ބްރޭންޑު އޮޅުވާލައި ޑުޕްލިކޭޓްުނަމެއްގެ ދަށުން އުފައްދާފައިއޮތް ބިޑިއެކެވެ. ސިފައިން އަމިއްލައަށް ވެލްޑިންކޮށްގެން ބައެއް މީހުންގެ އަތަށް ހެޔޮވަރުވާގޮތަށް ހަދާފައިއޮތް ބިޑިއެކެވެ.

މިބިޑިއަޅުވާ ތިއްބާލުމުން ދެއަތު މުލައްދަނޑި އޮންނަނީ އެއްކޮށްޖެހި ދެއަތްތިލަ ފެށުނުހިސާބުން އުޅަބުއްޓާ ހިސާބަށް ފިތިބާރުކޮށް ބަނދެވިފައެވެ. ކުރީޒަމާނުގައި މިހެންހަދަން ހަދާގޮތަކީ، ރޯނުފެނުން ތެންމާލައި ކަށިވެއްޔާއިއެކު މޮޑެލާފައިނަގާ ފަށަކާފަށެއް ޖައްސާދެއަތު މުލައްދަނޑި އެކުގާ އޮޅާލަނީއެވެ. ކާންޖެހޭނީ ބުޅާކައިއުޅޭ ގޮތަށެވެ. ހީސިދޮވެ ސީދޮވެވޭނެގޮތެއް ނޯވެއެވެ. ބިޑިނައްޓުވާ ފެންވަރުވަނީ ހަފްތާއަކު އެއްފަހަރެވެ.

ޑުޕްލިކޭޓު މިބިޑިއާގުޅޭ ހެކިތައް މިހާރުވެސް އަޅުގަނޑުއަތުގައި ފޮރުވާފައި ހުންނާނެއެވެ. މިއަނިޔާތަކަށް ފަހު، ހަމަބުއްދިޔާއި ފުރިހަމަ ހަށިގަނޑައިގެން މިހުރެވުނީ، އަޅުގަނޑުގެ ކެތްތެރިކަމާއި ޢަޤީދާވަރުގަދަ ކަމުންކަމަށް މިހާރުޤަބޫލު ކުރެވެއެވެ. މިހާރުވެސް ވާރޭވެހި ޖައްވުފިނި ވެލީމައި އުނަގަނޑަށް ތަދުއަރައެވެ. އެތެރެ ހައްޓަށް އިތުރުގޮތްގޮތް ވެއެވެ. ތަދުތައް އަރައިގަނެއެވެ. މިހުރީ މުޅިއުމުރަށް ތަހައްމަލުކުރަން ޖައްސާފައިވާ އަނިޔާއެވެ.

ފަހެ، ދަންނާށެވެ! މިތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ހ.ބުރެވިމާގޭ ގަރާޖުގައިއޮތް ކާރެއް ރޯކޮށްލިތަނުން ތެތްއަތާ އެކަންކުރި ކުދިންހިފި، ހައްޔަރުވުމުންނެވެ. އަދި އެކަންކުރިކަމަށް އެކުދިން އެއްބަސް ވުމުންނެވެ. ޖަލުގައި އިނދެގެން އަޅުގަނޑު، ﷲ އަށް ދެންނެވި ދެންނެވުން، ﷲ ފިޔަވައި އެހެންފަރާ ތަކަށް ނޭގޭނެ ކަންކަށަވަރެވެ. މިކުދިން ތެތްއަތާ އަތުވުމަކީ މިދުޢާތައް، ﷲ އިޖާބަ ކުރެއްވުން ކަމުގައި އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރަމެވެ. އެކަމާ، ﷲއަށް ޝުކުރުވެރިވީމެވެ. އަޅުގަނޑުގެ ތަޖުރިބާއިން ސާބިތު ކުރެވުނު އެއްޗަކީ އިންސާނާ، ﷲ އައި ކައިރިވި ވަރަކަށް އެމީހަކައި، ﷲ ކައިރިވެ ވޮޑިގަންނަވާކަމެވެ.

އަދި ހެޔޮނިޔަތުގައި ކުރެވޭ ހެޔޮދުޢާއަކީ އެއްވެސް ހުރަހެއްނެތި، ﷲ ޤަބޫލުކުރައްވާ އެއްޗެއްކަމެވެ. އާދެ! މީގެއިތުރުން އަނެއްދުވަހު ތަޙުޤީޤުގައި ވާނެގޮތްތައް ހިތަށްވަދެ، އެހެން އެކަންދިމާވެ ތަޖްރިބާ ކުރެވިފައި އެބަހުއްޓެވެ. އަދި އަނިޔާކުރި މީހުންގެ ހިތްތަކަށް ބިރުވެރިކަން، އެކިގޮތްގޮތުން އެދުވަސްވަރު ވަތްކަމާއި ބައެއްފަހަރު ބިރުންއުޅެން ޖެހުނުކަން، ފަހުންއެމީހުންގެ ވާހަކައިން އަޅުގަނޑަށް އެނގިފައި ވެއެވެ.

ފުރަތަމަ ފަހަރަށް ޖަލުން ފާނޫޒުތައް ބޭރުކޮށް، ކުޑަގޮޅިތަކަށް އަލިއެޅޭ ގޮތަށް ބޮތްކެއްލާން ޖެހުނީ މިކަމާހެދިއެވެ. ބައެއްފަހަރު ދަންވަރު ގާޑުކުރުމަށްތިބޭ ސިފައިގެކުދިންނަށް އަޅުގަނޑުގެ ޞޫރަ އެކުދިންނަށް ދަންވަރު ފޯރީގައި ފެނިގެން އެކަމާހެދި، އިރުއެރުމުން އަޅުގަނޑު ގެންގޮސް ސުވާލުކޮށްފައި ވެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނީ މިއީ އެންމެ ރަނގަޅުނޫން ޖިންނިއެއްގެ އަސަރުތައް ކަމުގައެވެ.

އާދެ! ކެމެރާއެއްގެ ތުހުމަތެއްގައި ބަންދުކުރެވުނީ ކަމަށްހަދައި، މާލެތެރޭގައި، ސިޔާސީ ކުޑަހުޅުޖެހުމުގެ ޙާދިޡާގައި އަލިފާން ޖެހިކަމަށް އެއްބަސްވި ކުދިންނައި ވާހަކަދެކެވޭ ގޮތަށް، ބިންބިފޯހުގެ އެޖެންޓަކު (ބިންބިފޯހުގެ ވަރަށް އިސްމީހެއް) ޖަލަށް ފޮނުވައިގެން، އޭރުމާލޭގެ އިސްމެމްބަރުކަން ކުރެއްވި ޑޮކްޓަރު މުޙައްނަދު ވަހީދު ޙަސަން މަނިކުގެ ބޮލުގައި ހުޅުޖެހުމުގެ މިކަންތައްގަނޑު އެޅުވޭތޯ ވަރަށް މަސައްކަތް ކޮށްފައިވެއެވެ.

މިތުހުމަތު ޑޮކްޓަރުވަޙީދުގެ މައްޗަށް އުފުލޭނެގޮތް ރާވާލައިގެން، އެކުދިންނަށް އަކުރުން އަކުރަށް މިރޭވުންގަނޑު ލައިދެވުނެވެ. ޑޮކްޓަރ ވަޙީދު އެކުދިންނައި ބައްދަލުކުރެއްވި ތަނާއި ދެއްކެވިވާހަކަ ތަކާއި ތަންފީޒުކުރަން ޙަވާލުކުރި ކަންތަކުގެ ލިސްޓެއް އެކުދިންނަށް ޖަލަށް ދިޔަބިންބިފޯހުގެ އިސްމީހާ ކިޔައިދީ، ދަސްކޮށްދިނެވެ.

އެހެނަސް ސާފު ދޮގަކަށްވާތީ އެކުދިން، ތަޙުޤީޤުގައި އެވާހަކަތައް ނުދެއްކީ ކަމަށް އެތަނުން އެއްކުއްޖަކު، އަޅުގަނޑައި ޖަލުން ދިމާވެގެން ކިޔައިދިނެވެ. މިހުރީ ސިޔާސީގޮތުން ރޭވިގެން ހިންގުނު ޖިނާއީޢުދުވާން ތަކެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުތައް ދަންނަމީހަކު އޭރަކުނެތެވެ. ޤާނޫނުލް ޢުޤޫބާތަކަށް އޮތީ، ހުވަދުއަތޮޅު ބަޣާވާތުން މާލެގެންނަ މީހުންނަށް އަހުވާދެއްކުމަށް އޭރުގެރައީސް ނާޞިރުގެ އަމުރުފުޅަށް ލިޔެފާސް ކޮށްފައިއޮތް ޤާނޫނުލް ޢުޤޫބާތެކެވެ. މިކަންކޮށްދެއްވީ އޯކިޑްމާގޭ އަލްފާޟިލް އަޙްމަދު ޒަކީއެވެ.

ކުޑަހުޅުޖެހުމުގެ ޙާދިޘާގެ މުޅި ފަސްމަންޒަރަށް ވިސްނާއިރު، ވަރަށްބޮޑު ސިޔާސީ ސިއްރެއް ފޮރުވިފައި އޮންނާނެއެވެ. ފަޅާއަރާނެ ދުވަހެއް އިރާދަކުރެއްވިއްޔާ، ﷲ ދައްކަވާ ނެއެވެ. ﷲއީ، އެންމެ މޮޅުރޭވުން ތެރިޔާ ކަމުގައި ހިތުގެއަޑިން ޤަބޫލުކުރުމަކީ، އަޅުގަނޑުގެ ސާފު، ޠޯހިރުޢަޤީދާއެވެ. ފަހެއެއީ ޚައިރުލް މާކިރީންއެވެ. ގެންގޮސް ޖަލަށްލާއި ބަންދުކުރުމަށް ފަހު، މުޅިންވެސް އަޅުގަނޑު މައްޗަށް ހުރީދޮގު ބަޔާން ހަދައިގެން ޙައްޤުނޫން ޝަރީޢަތްތައް ކޮށްފައެވެ.

އެންމެ ފާހަގަ ކޮށްލެވެނީ، އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މައްސަލައާ ގުޅިގެން، އިލްޔާސް/ސަޓޯ ގެމަޝްހޫރު ކެސެޓުރޯލުގެ ދަޢުވާއެވެ. މިކަމާ ގުޅިގެން ރައީސްއޮފީހުން ކޯޓަށް އެންގެވި އެންގެވުންތައް ކިޔައި، އަދި ދެކިފައިވާ ބޭފުޅުން، މިހާރު އެވާހަކަތައް ތަފްޞީލުކޮށް އެބަކިޔައި ދެއެވެ. 2004 އޯގަސްްޓް، 12،13 އިންފެށިގެން، އަޅުގަނޑުގެ ލޮޔަރަކަށް ހުންނެވި، އަލްއުސްތާޒު އަޙްމަދު މުޢިޒަށް މީގެ ބޮޑުމަންޒަރު އެނގިވަޑައި ގަންނަވާނެއެވެ.

އޭރުގެ ސިޓީތަކާއި ފަހުގެ ތަހުޤީޤު ބަޔާންތައް ފެނިވަޑައި ގަންނަވާނެއެވެ. އޯގަސްޓް 12،13 ގައި ކުރީގެވަޒީރު އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ތަޙުޤީޤަށް ދެއްވި ބަޔާނަކީ، ދިވެހި ތާރީޚަށް ޓަކައި ފޮރުވެންޖެހޭނެ، 11 ޞޮފްޙާގެ ވަރަށްމުނިންމު ބަޔާނެކެވެ. އުސްތާޒު މުޢިޒް އަތްޕުޅުގައި އެބަޔާން އޮންނާނެއެވެ. އަޅުގަނޑުއަތަށް ކުޑަވަގުތު ކޮޅަކަށް ލިބުނީ ހަމައެކަނި ކިޔާލާށެވެ.

ފަހެ، ވީގޮތް ބައްލަވާށެވެ! ގަސްގަނޑު ރީތިކޮށް ސަލާމަތުން ބަހައްޓާފައި ގޮފިކޮޅާއި ފަތްކޮޅު ތަޅާލައި ދުވަސް ދުއްވާލީއެވެ. އެންދެރިމާގޭ އިލްޔާސް ހުންނެވީ ސަލާމަތުންނެވެ. ޖަލުގެކުޑަގޮޅީގައި ދުވަސްދުއްވާލީ އަޅުގަނޑުމެން ނިކަމެތީންނެވެ. ކޯޓުގައި މިވާހަކަތައް ހަރުއަޑުން އަޅުގަނޑު ގޮވީމެވެ.

އާދެ! އެދުވަސްވަރުގެ ވާހަކަތައް ހާދަހާވާ ރީއްޗެވެ! އޭރު ގިނައީ، ބޮޑުން ފަހަތުގައި ފޮރުވިގެންތިބެ ރާވައިގެން ހިންގާބޮޑެތި ޖަރީމާތަކެވެ. ފުރަތަމަ ފަހަރަށް ޓެރަރިޒަމް ޤާނޫނު ތަޢާރުފް ކުރިގޮތަކީ، މީގެ ވަރަށްބޮޑު ހެއްކެކެވެ. މިކަން ރައީސް މައުމޫނު ކުރެއްވީ، ޤާނޫނުލްޢުޤޫބާތު، އޭރުގެ ރައީސް ނާޞިރު، ވަކިބަޔަކަށް އަމާޒުކުރައްވައިގެން އެކުލަވާލެއްވި ގޮތަށެވެ.

ފަހެ، ވަކިބަޔަކު ހިފާހައްޔަރުކޮށް އެމީހުންނަށް ހޭއަރުވާލެއްވުމަށް އަމާޒުކޮށެވެ. ރައީސް އޮފީހުން ބާރުއަޅުއް ވައިގެން ރޭގަނޑާއެކު މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން އެޤާނޫނު ފާސްކުރުވައި ގެންނެވެ. އެންމެ ހެއްވާކޮށް އޮތީ، އެޤާނޫނުގައި ލިޔެފައިއޮތް މިޤާނޫނުގެކުރިން ކޮށްފައި ހުރިކަންތަކަށް ވެސް މިޤާނޫނުގެ ދަށުން ފިޔަވަޅު އަޅާއި ޢަމަލު ކުރެވޭގޮތަށް އޮންނަ މާއްދާއެވެ.

ބޭނުންކަންތައްކޮށް ނިންމުމަށް ފަހު، އެމާއްދާވަނީ އެޤާނޫނުން މިހާރު އުވާލާފައެވެ. އެޤާނޫނުގައި އެމާއްދާއޮތުމުން އެކަމާ ދެކޮޅުހެއްދެވުމުގެ ގޮތުން ވޯޓުނުދެއްވައި ހަމަހިމޭނުން އިންނެވި، ހަމައެކަނި މެންބަރަކީ، ރ.އަތޮޅު މެންބަރު އަލްފާޟިލް ޢަލީވަޙީދު އަބްދުއް ރައްޒާޤެވެ.އާދެ އޭނާއަކީ ހެޔޮނިޔަތުން އިސްލާހީ ހަރަކާތުގައި އުޅުމީހުންނަށް އެހީތެރިވެދެއްވި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރާނަމެވެ.

އަލީވަހީދު ކަނދޮޅުދޫއަށް ސާބަސްދެމެވެ!  ކުރިންކުރާ ކަމަކަށް ފަހުންއުފެދޭ ޤާނޫނަކުން ޙުކުމްކުރުމަކީ، އެއްވެސް އިލާހީ ޝަރީޢަތެއްގައި އޮންނަ ގޮތެއްނޫނެވެ. އަދި ޤާނޫނީ ޢިލްމުގައި މިއީ، މުޅިން ނަހަމަ އުޞޫލެކެވެ. މިވާހަކަ ވެސް އަޑުހަރުކޮށް ކޯޓުގެ ކޮށިގަނޑުގައި ހުރެގެން އަޅުގަނޑު ގޮވީމެވެ. ވީކަމެއް ނެތެވެ. ސުވާލެއްކޮށްލި މީހަކުނެތެވެ.

އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުއްލެވީ، ސިޔަރަތު ވިދާޅުވުމަށް ކުޅަދާނަ ހެންވޭރު ހާޖަރާގޭ އަލްއުސްތާޒު މުޙައްމަދު ތައުފީޤެވެ. އެންމެ ހެއްވާކަމަކަށްވަނީ، އޭރު މިފަދަވާހަކަތައް އަޅުގަނޑު ޝަރުޢީކޯޓުގައި ދެއްކީމައި، އަޅާނުލި ބޮޑުން، ސަރުކާރުން ބޭރުކޮށްލީމައި އެފަދަ ކަންތައް މިދުވަސްވަރު ކޯޓުގައި ކުރައްވާ މަންޒަރު ފެނުނީމާއެވެ.

މިދެންނެވީ ޑޮކްޓަރ މުނައްވަރު މިހާރު އެއުޅުއްވާގޮތުގެ ވާހަކައެވެ. އޭރު އޭނާއަކީ ސިޔާސީ ޕާޓި ނުހެދޭނެކަމަށް ރައީސް މައުމޫނަށް ލަފާއެރުވި ބަންޑާރަނައިބެވެ. އެންމެ ދެރަކަމަކަށްވަނީ، ޤާނޫނެއް ހެދިޔަސް އެކަމުގެ ނިޔަތާއި މަޤްޞަދަކީ، މުޅިންވެސް ސިޔާސީ ބޭނުންތައް ހާޞިލުކުރުމަށް ކުރާކަމަކަށް ވާތީއެވެ. ފަހެ، ހިތާމަހުއްޓެވެ!

އާދެ! 2003 ސެޕްޓެމްބަރު އޮނަވިހިވިހީގެ ތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ގާވެފައި ތިބޭބުދުން ތަކެއްގޮތުގައި މަޖިލީހުގެ މެމްބަރުން ތަކަކާއި އޭޖީއޮފީހުގެ ސްޓޭޓުއެޓާނީން ތަކެއް، ތަޙުޤީޤު ކުރިތަން ބަލަންށާއި އަޑުއަހަން ބައިތިއްބާފައި ތިބުމުން، ސިފައިންނަށް އަޅުގަނޑުގެ މައްޗަށް ދޮގުހެކި ދޭންނުކެރުނީ މައެވެ. މާލެތެރޭގައި ޖާސޫސުކުރަން ގެންގުޅުނު ސިފައިން މިކަންތައް ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

އެހެނަސް މިކަން ނުވީއެވެ. ފަހެ، މިއީއޮޅިގެން ނަމަވެސް ރައީސް މައުމޫނަށް އެފަހަރު، އެޅުއްވުނު ރަނގަޅު ފިޔަވަޅެކެވެ. އަޅުގަނޑުމެން ސަލާމަތްވީ މިފިޔަވަޅާ ހެދިއެވެ. ޖެނީފާ ލަޠީފުގެ ފޮޓޯތަކެއް، އެހިސާބުގަނޑުގައި އުޅެނިކޮށް ނެގިފައި ހުރުމުން، އަޅުގަނޑައި ތަފާތުގޮތަކައް އޮޅުވާލައިގެން ދޮގުހެކި ދީގެން، ޖެނީ ތާށިކޮށްލީއެވެ.

އަޅުގަނޑާ ބެހޭގޮތުން އެތައްފަހަރަކު ހެކިންގެ ބަޔާން ލިޔެގެންވެސް ސޮއިކުރާނެ ސިފައިންގެ ކުއްޖަކު ނުވީކަން ފަހުން އެނގުނެވެ. އަޅުގަނޑުގެ ފޮޓޯތައްހުރީ ހަދާފައެވެ. އެފޮޓޯތަކަށް ހެކިބަސް ނުހޯދުނީއެވެ. އެންމެފަހުން ގޮތްހުސްވެގެން، ބައިންދަ ބައިންދާފައި ޖަލުން ދޫކޮށްލީ އެތައްދުވަހެއް ކޮށްފައެވެ.

ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ހޯއްދެވި، މަޖިލީހުގެ ދެވަނަ އިއްތިފާޤު ވުންއޮތީ މިދެންނެވި، 2003 ސެޕްޓެމްބަރު، 19،20 ގެ ޙާދިޘާހިނގިތާ، ފަސްދުވަސް ވަރުފަހުން ނެވެ. ވޯޓުލުން އޮތްދުވަހު ވަރަށް ހެދުނު ވަޤުތެއްގައި، މީހަކު، އަޅުގަނޑު ޖަލުގައި ހުރިގޮޅީގެ ދޮރުގައި ތަޅައިގަތުމުން ބަލައިލިއިރު، ހުންނެވީ ބައިވަރު ސިފައިންނާއެކު، މިހާރު އެމްޑީޕީގެ ޗެއާޕާސަން އަލްފާޟިލް މުޙައްމަދު ނަޝީދު (އަންނި) އެވެ.

ކަނާއަތުން ތަމްބްސްއަޕްގެ އިޝާރާތް ދައްކާލައްވައި އަޅުގަނޑާ ދިމާއަށް ހިނިތުން ވުމަކާއެކު، ހަރުއަޑުން ވިދާޅުވީ، މިއަދު މިއީ މަޖިލީހުގެ ސިއްރުވޯޓު އޮންނަދުވަހެވެ. އޭރު އަންނި ވަށާލައިގެންތިބި ސިފައިން އަންނި އަތުގައި ހިފައިގެން ދަމަނީއެވެ. އަންނި ގަދަހަދަނީ ނުދާށެވެ.

އިބޫސާލިހު އަތުން މަޖިލިސް އިއްތިފާގު ވުމަށް ރިޔާސީވޯޓުހޯދިގޮތް:

ކުރިމަތީގައި ހުރިގޮޅިއަށް ވައްދަންވެގެން އެމީހުން ދަމާއިރު، އަންނި ނުވަނުމަށް ގަދަހަދަނީއެވެ. އަދި މިމަންޒަރު ސިފައިންގެ ދެކުއްޖަކު ދެކެމެރާއަކުން މޫވީކޮށް، ސްޓިލްފޮޓޯވެސް ނަގަމުން ދިޔަތަން ފެނެއެވެ. އާދެ! ކަންވީގޮތް އެނގުނީ މާފަހުންނެވެ. އެދުވަހު އަންނި ހައްޔަރުކުރުމަށް ފަހު، ވަރަށް ހެދުނާ، މިނިސްޓަރު ޔާމީނު، ޅ.އަތޮޅު މެމްބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް (އިބޫ) އަށް، ފޯނުން ގުޅުއްވާފައި ވިދާޅުވަނީ، އަންނިހުރީ ޖަލުގައި ބަންދު ކުރެވިފައެވެ.

މިއަދު މަޖިލީހުގައި އޮންނަ ސިއްރުވޯޓުގައި އިބޫގެ ވޯޓުލިބިއްޖެނަމަ، އަންނި ވަޤުތުން މިނިވަން ކުރެވޭނެއެވެ. އިބޫ ވޯޓުދެއްވުމުން މަޖިލީހުގެ އިއްތިފާޤު ރައީސް މައުމޫނަށް ލިބުނީއެވެ. މިއީ މައުމޫނަށް މައުމޫނު ދެކެލޯބިވާ ކޮއްކޮ ޔާމީނު ކޮށްދެއްވި ކަމެކެވެ. އާދެ، އެދުވަހު މެންދުރު ކާގަޑި ޖެހެން ވަރަށް ކާރިވެފައި ވަނިކޮށް، އަންނި ނެރެގެން ގެންދިޔަތަން އަޅުގަނޑު ދުށީމެވެ.

މިވީގޮތަކީ، ރައްޔިތުންގެ މަޖިލީހުން ހަމައިއްތިފާޤު ވުމާއެކު، އަންނި ދޫކޮށްލީއެވެ. ސިފައިން، އަޅުގަނޑު ގާތުގައި ބުނީ، އިލްޔާސަށް ނުފެންނަ ގޮތަށް އަންނި، އެހެންދިމާ އަކަށް ބަދަލުކުރީ ކަމަށެވެ. އެހެނަސް  ހަވީރު ވެފައި ވަނިކޮށް ހެޔޮއެދޭ ސިފައިންގެ ކުއްޖެއްގެ ފަރާތުން، އަންނި ގެންދިޔައީ ދޫކޮއްލަން ކަމާއި، ނެގުނުވޯޓުން ރައީސް މައުމޫނަށް އިއްތިފާޤު ލިބުނުކަން އަޅުގަނޑަށް އެނގުނެވެ.

އިޞްލާޙޭ ކިޔައިގެން މިހާރު، މޮޅުވާހަކަތައް ދައްކަވާ އިއްޒަތްތެރި މެމްބަރުންތަކުގެ ވޯޓު، މިގޮތައް އިއްތިފާޤުކޮށް ދެއްވުމުން، ޖަލުގައި އިނދެ އަޅުގަނޑު ވަރަށް ހިތާމަކުރީމެވެ. ހަގީގަތުގައި ރޮވުނެވެ. އަޅުގަނޑާއެކު، ބަންދުގައިހުރި އެކުވެރިޔާ ޖެނީއާއި އަޅުގަނޑު އެކުގައި ޖީޕެއްގައި ތަޙުޤީޤު އޮންނަތަން ކަމުގައިވާ ވެލާނާގެއަށް ގެނެވުނު، ދުވަހެއްގައި މިކަމާމެދު ހިތާމަފާޅުކޮށް މިވާހަކަތައް ތަކުރާރުކޮށް ދެއްކުނެވެ.

އަޅުގަނޑުމެން ދެމީހުން، އެދުވަހެއްގެ ތަޙުޤީޤު ނިމެންދެން ތިބެނީ، ވެލާނާގޭތެރޭގައި ޓިނުންހަދާފައި ހުންނަ ބޮޑުގުދަނެއްގެ ތެރޭގައި ދެދިމާއަކަށް އަތްގަނޑު ނުލާވައްތަރުގެ ދެޕްލާސްޓިކު ގޮނޑި ބަހައްޓާފައި އެދެގޮނޑިގައި ދެމީހުން އިށީދެ ތިބުމަށް އަންގާފައެވެ.

ފެންނަހިސާބުގައި ސިފައިން އަބަދުވެސް ތިބެއެވެ. ޖުމްހޫރީ ވެރިކަމެއްގައި ކަންތައް ހިންގާގޮތާއި ހިނގާގޮތް މިހުރީފެންނާށެވެ. އިބޫވެސް ރައީސް މައުމޫނަށް ވޯޓުދެއްވީއެވެ. އަލްފާޟިލް މުޙައްމަދު ޝިހާބާއި އަލްފާޟިލް ޙަސަން ޢަފީފާއި މިފަދަ ބޭފުޅުންވެސް ރައީސް މައުމޫނަށް ހެޔޮހިތުން ވޯޓުދެއްވައި މުޅިރައްޔިތުންގެ މަޖިލިސް އިއްތިފާޤުވީއެވެ! ހާދަހާ ވާޗާލެވެ! މިއީ ގައުމަށާއި އިސްލާހީހަރަކާތަށް އިޚުލާސްތެރިންނެއް ނޫނެވެ. ފައިސާއަށް ގެއްލޭ، ހެއްލޭ މީހުންނެވެ. މީގެ މީހުން ފުށުން އިސްލާހެއް ނުފެންނާނެއެވެ. މިގައުމުގެ ކުރިމަގާ މެދު ހިތާމަހުއްޓެވެ!

ނިމުނީ.

Leave a Reply

Your email address will not be published. Required fields are marked *