ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެންމެން އެކުގައި ޗުއްޓީ ނެންގެވުމަކީ ގައުމަށްހުރި ސީދާ ގެއްލުމެއް!

އިލްޔާސް ހުސައިން އިބްރާހީމް.  (ލިޔުނީ: 2010 އޭޕްރީލް ގައި)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދިވިދިގެން ދެމަސްދުވަހުގެ ޗުއްޓީއެއް، ހުރިހާމެންބަރުން އެކުގައި ނެންގެވުމަކީ ވަރަށް ބޮޑުގޯހެކެވެ. ރަނގަޅު ކަމެއްނޫނެވެ. ގައުމަށްހުރި ބޮޑުނުބައެކެވެ. ގައުމަށް ފައިދާހުރި ގޮތެއް ނޫނެވެ. ދައުލަތުގެ ތިންބާރުންކުރެ އެއްބާރު ކަމުގައިވާ ރައްޔިތުންގެ މަޖިލިސް، 60 ދުވަހުގެ ދިގުމުއްދަތަކަށް ޗުއްޓީއެއްގައި ބޭއްވުމަކީ، އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫނެވެ. މުޅިގައުމު ހުސްކަމެއްގެ ތެރެއަށް ވެއްޓިގެން އުޅޭދުވަސް ވަރެއްގައި ރައްޔިތުންގެ މަޖިލިސް އެހާގިނަދުވަހު އެއްނުވާގޮތަށް އޮތުމަކީ، އެއްވެސް ހާލެއްގައި ހަމަޖެހޭ އުސޫލެއްނޫނެވެ. ހިތާމަހުރި ކަމެކެވެ.

ދައުލަތުގެ ދުސްތޫރުގައި އޮންނަނީ މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެންވާނީ، 3 ދައުރެއްގެ މައްޗަށެވެ. އަސާސީ ދުސްތޫރުގެ، 83 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދުގައި އެތިންދައުރު ބަޔާންކޮށްފައި އޮންނަނީ، މާޗް މަހުގެ އެކަކުން އޭޕްރީލްގެ ނިޔަލަށެވެ. އަދި ޖޫންމަހުގެ އެކަކުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި އޮކްޓޯބަރ މަހުގެ އެކަކުން ފެށިގެން ޑިސެންބަރުގެ ނިޔަލަށެވެ. މިދައުރުތައް މަޖިލީހުގެ ގަވާޢިދުގައި ބަހާލެވިފައިވާ ގޮތުން، 12 މަސްދުވަހުގެ ތެރެއިން އެބޭފުޅުން ރަސްމީ މަސައްކަތް ކުރައްވާނީ، 8 މަސް ދުވަހުއެވެ. 3 މަހުގެ ދެދައުރާއި 2 މަހުގެ އެއްދައުރެވެ. އަނެއް، 4 މަސްދުވަހަކީ އިއްޒަތްތެރި މެންބަރުންނަށް ޗުއްޓީގައި ތިއްބެވޭނެ ދުވަސްތަކެވެ. އަމިއްލަ ވިޔަފާރިއާއި ނާޗަރަނގީގައި އުޅުއްވޭނެ ދުވަސްތަކެވެ. ވަރަށް އަރާމުގޮތެކެވެ. ހަމަގައިމު ވެސް، މިހަތަރުމަސް ދުވަސްދަނީ މަޖިލީހުގެ ބޮޑުއެއްވެސް ބައްދަލުވުމެއް ނުބާއްވައެވެ. ތަޅުން އޮންނަނީ މުޅިން ހުހަށެވެ. ފަހެ، މިއީ މިކަން ކޮށްގެންވާނެ ގޮތެއްނޫނެވެ. ލޮބުވެތި ރައްޔިތުންގެ ބާރު، މިހާސާބިތު ނޫންގޮތަކަށް ހަރަކާތްތެރި ވެގެން ނުވާނެއެވެ. ދައުލަތުގެ އެހެން އެއްވެސް ބާރެއް، އަދި މުސްތަގިއްލު މުއައްސަސާ އެއްވެސް މިގޮތަށް ބޮޑުޗުއްޓީއެއް އެންމެން އެކުގައި ނުނަގައެވެ. އަރާމު ނިންޖެއްގައި ހިންދަމާނުލައެވެ. އެކަހަލަ ގަވާޢިދެއް އެހެންތާކު ނުގެންގުޅެއެވެ. ދައުލަތުގެ އެންމެމަތީ އެއްބާރު ކަމުގައިވާ، ރައްޔިތުންގެ މަޖިލިސް މިފަދަ އަރާމު ޗުއްޓީއަކަށް ދާގޮތަށް ބާއްވައިގެން މިއުޅެނީ، ކީއްވެގެންކަމެއް ނޭނގެއެވެ. ކޮންކަހަލަ ވިސްނުމެއްގައި ކޮށްގެން އުޅޭކަމެއް ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ! ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދު މިގޮތަށް އެކުލަވާލީ ކީއްވެގެން ބާވައޭ އަޅުގަނޑުގެ ހިތަށްއަރައެވެ!

ފަހެ، ދަންނާށެވެ! މިދެމެހެއްޓެނީ، ކަންނެތްކަމުގެ ސަގާފަތެކެވެ. އަސާސީ ދުސްތޫރުގައި އެބުނާ ތިންދައުރު، 12 މަސް ދުވަހަށް ބަހާލެވި ދާނެއެވެ. އެއީ މުޅިއަހަރަށް އެކަން ރާވާފައި ގަވާޢިދުގައި ލިޔަންޖެހޭނެ ގޮތެވެ. މުޅިއަހަރު ދުވަހު މަސައްކަތް ކުރުމަކީ، ގައުމަށް އެންމެފައިދާ ހުރިގޮތެވެ. އަދި ހަމައެހެންމެ، 12 މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ކޮމެޓީތައް ވެސް ކުރިޔަށް ގެންދެވި ދާނެއެވެ. މިއީ އެއްގޮތަކަށް ވެސް އުނދަގު ކަމެއް ނޫނެވެ. އަމިއްލައަށް މާސިންގާ ބޮޑުމުސާރައެއް ހަމަޖައްސައިގެން ތިއްބެވި ބަޔަކު މިގޮތަށް އަމަލުތައް ބަހައްޓައިގެން އެއްގޮތަކަށް ވެސް ނުވާނެއެވެ. ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހަށްހޮވީ އަރާމުކުރާކަށް ނޫނެވެ. ގައުމަށް ފައިދާހުރި ވިސްނުންވިސްނާއި ގައުމުގެ ކުރިމަގު ބިނާކޮށް ދިނުމަށެވެ. ގައުމު ބިނާކުރުމަށް ބޭނުންވާ ހަމަތަކާއި އުސޫލުތަކާއި އަސާސީ ދުސްތޫރެއް ގައިމުކޮށް ރައްކާތެރި ކަމާއެކު ގައުމު ދެމެހެއްޓުމަށެވެ. ކުރިޔަށް އަންނަންއޮތް ޖީލްތަކަށް މިގައުމާއި މިގައުމުގެ ދީނާއި ދިވެހިއްޔަތު ރަނގަޅު ގޮތުގައި ވާރުތަކޮށް ދިނުމަށެވެ. މިއީ ކޮންމެ މެންބަރެއްގެ ބޮލުގައި އެޅިފައިވާ މާސިންގާ ޒިންމާއެއްކަން އަބަދުވެސް ހަދުމަފުޅުގައި ބަހައްޓަން ޖެހޭނެއެވެ. އަޅުގަނޑު މިއަޑު މިއުފުލަނީ ވަރަށް ކެރިގެންނެވެ. ވަރަށްހެޔޮ ނިޔަތުގައެވެ. ލޮބުވެތިގައުމު ދެކެވާލޯބިންނެވެ.

ފަހެ، ދަންނާށެވެ! ލޮބުވެތި ރައްޔިތުންނޭވެ! މިގޮތަށް މަޖިލީހުގެ ޗުއްޓީގެ ކަންތައް ބޭއްވިޔަދީގެން ނުވާނެއެވެ! އަޑުއުފުއްލަވާށެވެ! ފެންނަކޮންމެ މެންބަރަކަށް މިކަން ހަދާންކޮށް ދޭށެވެ! ފެންނަ ކޮންމެތާކުން، މިއީބޮޑު ޒިންމާއެއްކަން ހަދާންކޮށްދޭށެވެ! މެންބަރުންގެ ޗުއްޓީގެ ކަންތައް، މިގޮތަށް ބޭއްވުމަކީ ބޮޑުވެގެންވާ ގޯހެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާޢިދަށް ވީހާއަވަހަށް ބަދަލުގެނެސް މުޅިއަހަރު ދުވަހު، މަޖިލީހުގެ ރަސްމީ މަސައްކަތްކުރާ ތަޅުމަކަށް، މަޖިލީހުގެ ދައުރުތައް ބަހާލުމަށް ހަރުއަޑުން އަޅުގަނޑު ގޮވާލަމެވެ. މިހެން މިދަންނަވަނީ ސަބަބުތަކެއް ހުރެގެންނެވެ. އަސާސީ ދުސްތޫރުގެ ދަށުން ހަދަންޖެހޭ މުހިންމު ގިނަގާނޫނުތަކެއް ނުހެދި ހުރުމުން ގައުމުވަނީ، ބޮޑުހުސް ކަމެއްގެ ތެރެއަށް ގެނބިފައެވެ. ސަރުކާރުން އަޅުއްވަންޖެހޭ މުހިންމު ފިޔަވަޅުތައް ވަނީ، ނޭޅުއްވި ފަހަތަށް ފިރުކެން ޖެހިފައެވެ. ރަށްފުށުގައި އޮންނަންޖެހޭ ގާނޫނީ ސިޔާދަތެއް ނެތެވެ. ސަރުކާރެއް ނެތެވެ. ވެރިކަމެއް ނެތެވެ. ބައެއް ރަށްރަށުގެ ރަށުއޮފީސްތައް ހުރީމުޅިންހެން ހުއްޓިފައެވެ. އއ.ތޮއްޑޫ ރަށުއޮފީހުން ރައްޔިތުންނަށް ޚިދުމަތެއް ނުދެވި، އަދި ކަރަންޓުނެތި ހުންނަތާ މިހާރު، 8 މަސް ދުވަސް ވެދާނެއެވެ. ބަލާލައިފިއްޔާ މިކަހަލަ ފެންވަރަކަށް ވެއްޓިފައިހުރި ބައިވަރު ރަށްތައް އެބަހުއްޓެވެ. ސަރުކާރުގެ ޢިމާރާތްތައް މަރާމާތު ނުކުރެވި ހަލާކުވެ ވީރާނާވެ ދަނީއެވެ. ސަރުކާރުގެ ގިނަ އުޅަދުފަހަރުހުރީ މަރާމާތު ނުކުރެވިގެން ހުއްޓިފައެވެ. މަގުތައް މަރާމާތުކޮށް ބެލެހެއްޓޭނެ ގޮތެއްނެތެވެ. ޓްރެފިކް ލައިޓްތައް ބާވެކުލަނުލެވި ހަލާކުވެ ދަނީއެވެ. ކޮންމެ ދިމާއަކަށް ބަލާލިޔަސް ވީރާނާ ވުމުގެ އަލާމާތްތައް ދަނީ ފެންނަމުންނެވެ. ރައްޔިތުން އެމީހަކާ އެމީހެއް އަމިއްލައަށް ދިރިއުޅެމުން ގެންދަނީއެވެ. އަޅާލާނެ ފަރާތެއް ނުފެނެއެވެ. ބައެއް ރަށްތަކުގައި ސަރުކާރެއް ނެތޭ ދެންނެވިޔަސް އެންމެ ރަނގަޅު ވާނެއެވެ.

ފަހެ، ދަންނާށެވެ! ގައުމަށް މިހެންވިޔަ ދީގެން ނުވާނެއެވެ. ރައްޔިތުން ދައުލަތުގެ ވެރިޔަކު އެންމެން ވޯޓުދީގެން އިސްކުރަނީ އުންމީދުތަކަކާ އެކުގައެވެ. ޒިންމާތަކަކާއި ބާރުތަކެއް ދީފައެވެ. ދައުލަތުގެ ވެރިޔާއަށް އަބަދުވެސް ގައުމު ފެންނަން ޖެހޭނެއެވެ. އެންމެ ކުރީގައި އޮންނަން ޖެހޭނީ ގައުމެވެ. ބިދޭސީ އެކުވެރިންނާއި ވަށައިގެން އެންބުރޭ ހިތްވަރުގަދަ ކަމަށް ދައުވާކުރާ ކަމަނާއިންނާއި ބާރަށް އަމިއްލަ ކަމަރު ބަނުމަށް އަޑުއުފުލާ ފަރާތްތައް ގައުމަށްވުރެ ކުރިން ފެނިގެން ނުވާނެއެވެ. އަމިއްލަ ސިޔާސީޕާޓީގެ ރަންރީދޫކުލަ ފާއްދާއި ފެތުރުމަށް ރަތްލާޖެހި ބޮޑެތި މުޖްރިމުން އިސްކޮށް ލޮބުވެތި ގައުމުގެ ދަރަޖަ އެފަރާތް ތަކަށްވުރެ ދަށްވިޔަދީގެން ނުވާނެއެވެ. ރީދޫޕޯޑިޔަމަށް އަރާއި ރީދޫމާފަތި ކަރުގައި އަޅުވާލުމުން ބޮޑެތި މުޖްރިމުންގެ ފާފަތައް ފޮހެވި ގައުމަށްވުރެ އެފަރާތްތައް އިސް ކުރެވިގެން ނުވާނެއެވެ. ފަހެ، ގައުމަށް އިސްކަން ދިނުމަކީ ގައުމަށް ޚިޔާނާތްތެރި ވެފައިވާ މުޖްރިމުން އިންސާފަށް ހާޒިރުކޮށް ދިނުމެވެ. ގައުމަށް އަދުލްއިންސާފު ގެނެސް ދިނުމެވެ. ފަސާދަވެފައިވާ މުޖްރިމެއް ހިމާޔަތްކޮށްދީ އޭނާއިންނަވާ ގޮނޑިޔަކުން ވަގުތީފައިދާ ނެންގެވުމަކީ، ލޮބުވެތި ގައުމަށްވުރެ އެމުޖްރިމެއްގެ މަގާމު މަތިކުރެއްވުމެވެ. އިސްކުރެއްވުމެވެ. ދައުލަތުގެ ވެރިޔާއަށް ގައުމު ހިމާޔަތް ކުރެވެން ޖެހޭނެއެވެ. އެބާރު ދައުލަތުގެ ވެރިޔާއަށް އަސާސީ ދުސްތޫރުން ވަރަށް ރީތިކޮށް، ވާރުތަކޮށް ލިބިދެއެވެ. ހުރިހާ އެއްޗަކަށްވުރެ ލޮބުވެތިގައުމު އިސްވާނެއެވެ. ހުރިހާކަމަކަށް ވުރެ ލޮބުވެތިގައުމު އިސްވާނެއެވެ. ހުރިހާ މަސްލަހަތަށްވުރެ ލޮބުވެތިގައުމުގެ މަސްލަހަތު އިސްވާނެއެވެ. ފަހެ، ހުރިހާބާރެއްގެ ވެރިޔަކީ، ދައުލަތުގެ އެންމެމަތީ ވެރިޔާއެވެ. ދައުލަތުގެ ވެރިޔާއަށް ހުރިހާ އިރެއްގައިވެސް، އަބަދުވެސް ފެންނަންވާނީ ލޮބުވެތިގައުމެވެ. ފުރަތަމަ ގައުމެވެ. ފަސާދަވެފައިވާ މުޖްރިމުންނާއި ރަށްޓެހި ބިދޭސީންނާއި އަމިއްލަ ކަމަރު ބަނުމަށް އުޅޭމީހުންނާއި ކަބަލުންނަކީ ލޮބުވެތި ގައުމަށްވުރެ ދަށުދަރަޖަ އެކެވެ. އޭ! ﷲ އެވެ! ދިވެހި ދައުލަތުގެ އެންމެމަތީ ވެރިޔާއަށް ދިވެހި ދައުލަތާއި ދިވެހިއްޔަތާއި ދިވެހީންގެ ދީން އެންމެ އިސްއެއްޗެއް ކަމުގައި އަބަދުވެސް ދަށްކަވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *