ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޚުޠްބަތުލް ޢަރްޝި، 2010 !!

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2010 މާޗް ގައި)

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދެމަސްދުވަހުގެ ދިގުޗުއްޓީއަށް ފަހު، މަޖިލީހުގެ އާދައުރެއް މާޗްމަހު އެކެއްގައި ފެށިއްޖެއެވެ. 2010 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާދައުރެއް ފެށިގެން ދިޔައީ ދިވެހިގައުމުގެ ރައީސުލް ޖުމްހޫރިއްޔާ، ދައުލަތުގެ ވެރިޔާ އަލްފާޟިލް މުހަންމަދު ނަޝީދު ގެ ޚުޠްބަތުލް ޢަރުޝިއާ އެކުގައެވެ. ދައުލަތުގެ ވެރިޔާގެ ކުރިމަތީގައި ހުރި ޕޯޑިއަމް ތެރެއިން ފެންނަންހުރި ސްކްރީނަކުންނާއި ކަނާއަތްފަރާތާއި ވާއަތް ފަރާތުގައި ހުރިރީތިހިމަ ދަނޑިއެއްގައި ހަރުކޮށްފައިވާ ވަރަށްއޮމާން ނޭންގޭކަހަލަ ބިއްލޫރި ކޮޅަކުން ބައްލަވައިގެން ވިދާޅުވަމުން ގެންދެވި ވަރަކަށް، ރޯލްކުރެވެމުން ދިޔަ ޚުޠްބަތުލް ޢަރުޝި ހިމެނިގެން ދިޔައީ އޭފޯސައިޒުގެ ގަނޑަކަށް ދެސަފްޙާ ފެތޭގޮތަށް ބަހާލެވިފައިވާ، 35 ސަފްޙާގެ ވަރަށްވަރުގަދަ އިންޒާރެއް ހިމެނިގެންދިޔަ އާދަޔާޚިލާފު ޖަޒްބާތީ ޚުޠުބާއަކަށެވެ. އެއިންޒާރަކީ މިއެވެ. “މި ނިޒާމުގެ ޠަބީޢަތުން ބޭރުން މިވެރިކަމަށް ލޮޅުމެއް ގެނެސް، ލާހިކުނޫން ބަދަލަކަށް އުންމީދު ކުރަނީނަމަ، އެފަދަ ކަންކަމުގެ ރައްކަލެއްގެ ގޮތުގައި ވެރިކަމުގެ ފަރާތުން އަމަލު ކުރުމަށް މަޖްބޫރުވާ ގޮތުގެ ސަބަބުން ގެއްލުން ލިބޭނީ ހަމައެކަނި ވެރިކަމުގެ މި ނިޒާމަކަށް ނޫން. ވާދަވެރި ފަރާތްތަކަށް ވެސްމެ. އަޅުގަނޑު ނުދެކެން، މިއީ އަޅުގަނޑުމެން އެކަކުވެސް ކަންވުމަށް އެދޭނެގޮތް ކަމަކަށް. ބުއްދިވެރި ގޮތަކީ، މިވަގުތު އެފަދަޒާތީ ވާދަވެރިކަމުގެ ތެރެއަށް ވެއްޓިނުގަނެ، ކޮންމެހެން ބޭނުންވާ މުހިންމު ގައުމީ ތަރަހަތައް ބިނާކުރުން.” ފަހެ، މިއީ ކޮންމެހުކުރު ދުވަހެއްގެ ޟުޙާވަގުތުގައި ދައުލަތުގެ ވެރިޔާ ދެއްވާ ޚުޠުބާތަކުގެ އަހަރީމައި ޚުޠުބާއެވެ. ބައެއްސިޔާސީ ލީޑަރުން ބުނާގޮތުގައި “ބިސްމިﷲއް ރަޙްމާނިއްރަޙީމް. ދިވެހި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް. އައްސަލާމް ޢަލައިކުމް” މިކަލިމައިން ފަށްޓަވައި “ވަލްޙަމްދުލިއްލާހި، އައްސަލާމް ޢަލައިކުމް” މިކަލިމަ ވިދާޅުވަމުން ނިންމާލެއްވި ޚުޠުބާގައި ދިވެހިންގެ މާތްވެގެންވާ މުގައްދަސް ދީން ކަމުގައިވާ “އިސްލާމްދީން” ގެ ނަން އެއްގޮތަކަށް ވެސް ގެންނަވާފައެއް ނުވެއެވެ. ކުރިޔަށް އޮތްއަހަރު ތެރޭގައި ދީނަށް މާބޮޑު ސަމާލުކަމެއް ނެތީއެވެ. ﷲ ގެ ނަންފުޅުގަތީ، ނިންމާލައްވަމުން ދުޢާވިދާޅުވެ ލައްވަމުން، ދުޢާތެރޭގައި އެންމެ އެއްފަހަރުއެވެ. ﷲ ގެ ނަންފުޅު ކުރިޔަށް ގެންނެވުމެއްނެތި “އިރާދަކުރެއްވިއްޔާ” މިކަލިމަ ހަތްފަހަރު ޚުޠުބާގައި ގެންނެވިއެވެ. މިޚުޠުބާގައި “ޢިއްޒަތްތެރި ރައީސް” މިކަލިމަ، 28 ފަހަރު ވިދާޅުވިއެވެ. މިޚުޠުބާގެ ފެށުމާއިނިމުން ބިނާވެގެން ދިޔައީ އެއްވެސް ކަހަލަ “ޙަމްދާއިސަނާއެއް” އެއްވެސް ފަރާތަކަށް ދެންނެވުމެއް ނެތިއެވެ. ފަހެ، މިއީވަރަށް ޒަމާނީ މޮޑަން ގޮތަކަށް ވިދާޅުވެދެއްވި، ވަރަށް ލިބަރަލް ޚުޠުބާއެކެވެ. ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެ ވެރިއަކު މިހާމޮޑަން، ލިބަރަލް ޚުޠުބާއެއް ދުވަހަކުވެސް މިހާތަނަށް ދެއްވާފައެއް ނެތެވެ. އިސްލާމީ ވެރިޔަކު ދެއްވި އެޒާތުގެ މިއީ ފުރަތަމަ ޚުޠުބާއެވެ.

ލޮބުވެތި ދިވެހި ރައްޔިތުންނެވެ! ދިވެހި ދައުލަތުގެ ދާޚިލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތު، އެހެން ގައުމެއްގެ ބަޔަކަށް ބޭނުންވާ ގޮތަށް ކުރެހިގެން ނުވާނެއެވެ. ސިފަޖެހިގެން ނުވާނެއެވެ. މާތްވެގެންވާ އިސްލާމްދީނާ ދުރުހެލިކޮށް، ޢިލްމާނީ ނިޒާމަށް ފަހިވާގޮތަށް ކުރެހި އެފަދަ ސިފަތައް ޖެހިގެން ނުވާނެއެވެ. އަބަދުވެސް ދިވެހިންގެ ވިސްނުމާއި ބުއްދީގައި ބާއްވަންޖެހޭ އެންމެފުރަތަމަ އެއްޗަކީ، ދިވެހިންގެ ދީނާއި ދިވެހިންގެ ދިވެހިއްޔަތެވެ. ދިވެހިވަންތަ ކަމެވެ. ދިވެހިންގެ ދީނެވެ. ދިވެހިންގެ އަގީދާއެވެ. ދިވެހީންނަށް އޮތީފުރަތަމަ ދިވެހިއްޔަތެވެ. ދިވެހިވަންތަކަން ފުރިހަމަވާނީ އިސްލާމް ދީނާއެކުގައިކަން އަބަދުވެސް ދަތުމެވެ. ދިވެހިއްޔަތު ފުރިހަމަގޮތުގައި ދެމެހެއްޓޭނީ، ދިވެހިންގެ އަގީދާ އިސްލާމްދީނުގެ މަތީގައި ބިނާކުރެވިގެންނެވެ. ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމް ދީނެވެ. އިސްލާމް ދީނަކީ ހުސް، ފަލްސަފާއެއް ނޫނެވެ. މީހަކު ލިޔެލި އުސޫލުތަކެއް ނޫނެވެ. އެއީ ޝަރީޢަތެކެވެ. ދުސްތޫރެކެވެ. ދިވެހިންނާ ވަކިނުކުރެވޭނެ އިލާހީ ޝަރީޢަތެކެވެ. ފަހެ، މިނޫން ގޮތަކަށް ދިވެހި ދައުލަތުގެ ބިންގާ ބިނާކުރެވިގެން ނުވާނެއެވެ. މިނޫން މިސްރާބަކަށް ގައުމު ގެންދެވޭނަމަ، އެދެވެނީ ދިވެހިއްޔަތާއި ދިވެހިންގެދީނާ ދުރަށެވެ. މިނިވަން ޑިމޮކްރަސީއާއި ދީނީ މިނިވަންކަމާއި ޢިލްމާނީ ނިޒާމާ ދިމާއަށެވެ.

ފަހެ، ދަންނާށެވެ! ކުޑަދައުލަތެއްގައި ޕާލަމެންޓްރީ ނިޒާމަކަށް ވުރެ، ރިޔާސީ ނިޒާމެއްގެ ތެރޭގައި ރާއްޖެފަދަ ދައުލަތެއްގައި އިސްލާމީ ރިޔާސަތެއް ދެމެހެއްޓުން މާފަސޭހަ ވާނެއެވެ. ދައުލަތުގެ ވެރިޔާއަށް އަސާސީގެ، 115 ވަނަ މާއްދާއިން ފުރިހަމަ ގޮތުގައި އެބާރުތައް އޮތީ ލިބިދީފައެވެ. ވެރިމީހާގެ ބާރުތަކާއި މަސްއޫލިއްޔަތު ތެރޭގައި ދީނާދައުލަތް ވަކިނުކޮށް އިސްލާމީ ރިޔާސަތެއް އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓުމުގެ ހުރިހާ އިޚްތިޔާރެއް ދައުލަތުގެ ވެރިޔާއަށް ވަނީ، ގާނޫނީބާރާއެކު ލިބިދީފައެވެ. ދުސްތޫރާއި ޝަރީޢަތް ތަންފީޒުކުރުމަށް ޓަކައި ކޮންމެކަމަކަށް ކޯޓެއް ގައިމުކުރާކަށް ނުޖެހެއެވެ. ގާނޫނުތައް ނެތިގެން ދައުލަތް ހުސްކަމެއްގެ ތެރެއަށް ގަންބާލާކަށް ނުޖެހެއެވެ. ދައުލަތުގެ ވެރިމީހާ ހަރުދަނާ ވާންވީއެވެ. ޝަޚްޞިއްޔަތު ހުރި ކެރޭ ވެރިޔަކަށް ދައުލަތުގެ ވެރިޔާ ވާންވީއެވެ. ރިޔާސީ ނިޒާމެއްގައި ގާނޫނުނެތިގެން ގައުމު ހުސްކަމަކަށް ގެންގޮސް ގޭންގުތައް މުޖްތަމަޢުގެ މައްޗަށް ވެރިވުމަށް ދޫކޮށްލައިގެން ނުވާނެއެވެ. އެންމެ ވަރުގަދަ ހުވާކޮށްގެން ތިބިބާރު ކަމުގައިވާ ސިފައިންގެ އެންމެމަތީ ވެރިޔަކީ، ދައުލަތުގެ ވެރިޔާއެވެ. ގައުމީސަލާމަތާ ބެހޭ މަޝްވަރާ މަޖިލީހެއް ދުސްތޫރާއި ޝަރީޢަތުގެ ތެރޭގައި ގައިމުކުރެވިފައި އެބައޮތެވެ. ގައުމައިގެން ކުރިޔަށް ދިއުމުގެމަގު އެއޮތީ ހާމަކޮށް ހުޅުވިފައެވެ. ގައުމަށް އިޚްލާސްތެރި ވުމަށް ހުވާކޮށްގެން ތިއްބެވި ސިފައިންގެ އެންމެމަތީ ވެރިންތައް ކޮބައިތޯއެވެ! ރައީސުލް ޖުމްހޫރިއްޔާއަށް އޭނާއަކީ، ދައުލަތުގެ އެންމެމަތީ ވެރިޔާކަން އިހްސާސް ވާންވީއެވެ! ކެރެންވީއެވެ! ދައުލަތުގެ ވެރިޔަކު ހުއްޓާ ހުސްކަމެއްގެ ތެރެއަށް، ގައުމު ވެއްޓިގެން ނުވާނެއެވެ. ގައުމު ހުސްކަމެއްގެ ތެރެއަށް ދިޔަދީގެން ނުވާނެއެވެ. ގައުމުގެ ހުރިހާ ތަނެއްގައި ގާނޫނުގެ ހުކުމް އެންމެ ފުރިހަމަ ގޮތުގައި ހިންގެންވާނެއެވެ. ރަށްފުށުގައި ދައުލަތުގެ ސިޔާދަތެއް ގައިމު ކުރެވިފައި އޮންނަން ޖެހޭނެއެވެ. ރިޔާސަތުގެ ބާރަކީ، ދައުލަތުގެ ވެރިޔާއަށް ޠަބީޢީގޮތުން ވާރުތަވާ ބާރެއްކަން ދަންނާށެވެ!

ފަހެ، ދަންނާށެވެ! މަދުމިނާއި ގިނަމިންވަރަށް ބެލުމެއްނެތި ކޮންމެ މަސްތުވާ އެއްޗަކީ، މުސްލިމުންނަށް ހަރާމް އެއްޗެކެވެ. މުޅި އިންސާނިއްޔަތަށް ގެއްލުންހުރި އެއްޗެކެވެ. އެހެނަސް ޒަމާނީތަހުޒީބުގެ ނަމުގައި މުސްލިމް މުޖްތަމަޢު ތަކަށް ވަމުންމިދާގޮތަށް ބައްލަވާށެވެ! މަސްތުވެގެން ޖިސްމާނީ ދުޅަހެޔޮކަން ނަގާލައި ބަލިހާލުގައި ޖެހި ސިކުވާމީހާ، ހިމާޔަތްކޮށް ދިނުމަށް ގާނޫނަކުން ކޯޓެއް ބޭނުންވަންޏާ، ހަމަބުއްދީގައި ތިބެ ޖިސްމާނީ ދުޅަހެޔޮކަން ނަގާލާއި ބަލިހާލުގައި ޖެހި ސިކުވާ ފަރާތްތަކުގެ ހައްގުހޯދައިދިނުން ނޯންނަންވީ ކީއްވެގެންތޯއެވެ؟ ގުދުސީ ބަސްފުޅުތަކުގައި ހުންނީ، ރާބޯމީހާ ރާބޯއިރު އޭނާ އެހުންނަނީ ހުރިހާހަމަ ތަކަކުން ބޭރުވެފައި ކަމުގައެވެ. މަސްތުވާމީހާ މަސްތުވާއިރު އޭނާ އެހުންނަނީ ހުރިހާހަމަ ތަކަކުން ބޭރުވެފައި ކަމުގައެވެ. ވައްކަން ކުރާމީހާ ވައްކަންކުރާއިރު އޭނާ އެހުންނަނީ ހުރިހާހަމަ ތަކަކުން ބޭރުވެފައި ކަމުގައެވެ. ޒިނޭކުރާމީހާ ޒިނޭކުރާއިރު އޭނާއެހުންނަނީ ހުރިހާހަމަ ތަކަކުން ބޭރުވެފައި ކަމުގައެވެ. ވަރަށް ހަމަހަމަރީތި އުސޫލެކެވެ. ޑްރަގް ބޮއިގެން ހާލުގައިޖެހި ބަލިވާމީހުން އަނބުރާ މުޖްތަމަޢަށް ގެންނަން ޖެހޭއިރު އެހެން ކުށްތަކުގައި ހައްދުފަހަނައަޅާ ގޮސް ހާލުގައިޖެހި ބަލިވާމީހުން އަންބުރާ މުޖްތަމަޢަށް ގެނައުމަށް ވަކިން ކޯޓުތައް އުފައްދަން ނުޖެހެނީ ކީއްވެގެން ތޯއެވެ؟ ފަހެ، ހާލުގައިޖެހި ބަލިވާ މިދެބާވަތުގެ މީހުން ތަފާތުކުރަން މިޖެހެނީ ކީއްވެގެން ތޯއެވެ؟ ކޮންދީނަކުން ތޯއެވެ؟ ނުވަތަ ކޮންފަލްސަފާ އަކުންތޯއެވެ؟ ދިހަގްރާމަށްވުރެ ދަށްވެއްޖެނަމަ، އެޑްރަގްކޮޅުން މަސްތު ނުވަނީ ތޯއެވެ؟ އިންސާނާގެ ބުއްދި ފިލައިގެން ނުދަނީތޯއެވެ؟ ފަހެ، ދަންނާށެވެ! މިކަހަލަ ދެކޮޅުނުޖެހޭ ކަންތައްތައް ރާވާހިންގަން އުޅުމުގެ ބޭނުންތަކުގެ ނަތީޖާއާމެދު ފުންކޮށް ވިސްނާލުމުން ދޭހަވަނީ، ޑްރަގް އެތެރެކޮށް ވިއްކުމާއި މަސްތުވުން، ވަށާޖެހޭ ގޮތަށް، އެނބުރެމުންދާ ވިޔަފާރިއެއްހެން ދެންމުމަށް އަޅާމުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. ޑްރަގް ވިޔަފާރި ވަށާޖެއްސުމަށް ބޮޑެތި ބާރުތަކުން ފައިސާދީގެން ރާވައިދެމުން ގެންދާ ހުރިހާކަމެއް އަޅުގަނޑުމެން ދިވެހިން ކުރާކަށް ނުޖެހެއެވެ. ދުނިޔޭގެ ބޮޑެތި ބާރުތައް ފާރަވެރިކޮށް ދަމަހައްޓައިދެނީ، މުޅިދުނިޔެ އެބައެއްގެ ބާރުގެދަށުގައި ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާ ސިއްރުވެރި ބާރަކުންކަން މުސްލިމުންގެ ވިސްނުމުގައި އަބަދުވެސް އޮންނަން ޖެހޭނެއެވެ. އެއީ މުޅިދުނިޔޭގެ ސިއްރުވެރި ބާރުކަމަށް ދައުވާކުރާ ސަހުޔޫނީ ބާރެވެ. ޔަހޫދީން ދުނިޔެއަށް ވެރިވުމަށް ކުރާ މަސައްކަތެވެ. ދިވެހިއްޔަތާއި ދިވެހިންގެ ދީނާއި އަގީދާ، ޙިމާޔަތްކޮށް ދަމަހައްޓަން ޖެހޭނީ ދިވެހިންނަށެވެ. އެހެން ބާރެއް ނޫނެވެ. އެހެން ބައެއް ނޫނެވެ. ގައުމީ ސިޔާސީ ލީޑަރުން އުފެދެންޖެހެނީ، މިފަދަ ކަންތަކާހެދިއެވެ. އޭ! ﷲ އެވެ! އަޅުގަނޑުމެން ދިވެހިންނަށް ދިވެހިއްޔަތާއި ދިވެހީންގެ ދީނާއި އަގީދާ ހިމާޔަތްކޮށް ދެމެހެއްޓުމުގެ ތައުފީގު ދެއްވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *