އިސްލާމްދީނުގައި ޑިމޮކްރަސީ.

އިލްޔާސް ޙުސައިން އިބްރާހީމް. (ލިޔުނީ: 2007 ގައި.)

މިމައުޟޫ، މުހިންމު މައުޟޫއަކަށް އަޅުގަނޑު ބަލައިގަނެ އިޚްތިޔާރު ކުރަންޖެހުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށް، ރައީސްމައުމޫނުގެ ސަރުކާރުން ދެވަނަފަހަރަށް އަނެއްކާވެސް، ގޮވާލެއްވުމާ ގުޅިގެން އެމަސައްކަތް ކުރުމަށް އެކުލަވާލެވުނު ރައްޔިތުންގެ ޚާއްޞަމަޖިލިސް، ކަމުގައިވާ ރައްޔިތުންގެ ބޮޑުމަޖިލީހުން، ބުރަބޮޑު، ޤައުމީ މަސައްކަތް ކުރިޔަށް ގެންދާދުވަސް ވަރަކަށް ވާތީއެވެ.އަދި އެމުހިންމު މަސައްކަތާދޭތެރޭ ގައި، އެންމެހާރައްޔިތުން ވިސްނައި ފިކުރުކޮށް ގޭތެރޭގައާއި ގޭތެރެއިން ބޭރުގައާއި ސައިހޮޓާ ތަކާއި ހުރިހާތަނެއްގައައި، އަދި ހުރިހާއިރެއްގައި ވެސް ބަހުސްކޮށް ރަނގަޅު، ތެދުވެރި ނަތީޖާއެއް ހޯދުމަށް ރައީސްމައުމޫނު، އަމިއްލަފުޅަށް ގޮވާލައްވައި އެކަމާގުޅޭގޮތުން ޚާއްޞަ ނުކުތާތަކެއް ރައްޔިތުންނައި ހިއްސާކޮށް ލައްވާފައި ވާތީއެވެ. އެއީ އެއްގޮތަކަށްވެސް، ކިނބިގަސްދޮށުގޭ އަލްއުސްތާޒު މައުމޫނު ޢަބްދުލް ޤައްޔޫމުގެ ހުށަހެޅުއްވުމެއް ނޫނެވެ. އެހުށަހެޅުއްވުންތައް، އައިސްފައިވަނީ ދައުލަތުގެ ނިޝާނުގެ ދަށުން، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ ރަސްމީ ނަންފުޅުގައެވެ. އެއީ، 2005 ފެބްރުއަރީ 14 ވަނަ ދުވަހު ހުށަހަޅުއްވާފައިވާ، 31 ނުކުތާއެވެ. ގާނޫނު އަސާސީއަށް އެބަދަލުތައް ގެންނަވަންފެނި ވަޑައިގަންނަވާ ސަބަބުވެސް އެމަނިކުފާނު، ބަޔާން ކުރައްވާފައި ވެއެވެ. މިވާހަކަތައް އާންމުކޮށް އިއުލާނުކޮށް ދެއްވީ، އިސްލާމީ މަރުކަޒުގެ މާލަމުގައި، 2004 ޖޫން 9 ވަނަދުވަހު އެވެ.

އަދެ! އެއީ، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް، ގެންނަން ބޭނުންފުޅުވާ އިޞްލާޙުތަކާއި އެއިޞްލާޙުތައް ހުށަހެޅުއްވުމުގައި ވިސްނަވާފައިވާ ކަންތައްތައް ގޮތުގައި ރައްޔިތުންގެ ޚާއްޞަ މަޖިލީހަށާއި މުޅިދިވެހި ރައްޔިތުންނަށް ހުށަހަޅައި ދެއްވި މުހިންމު ނުކުތާތަކެވެ. އަޅުގަނޑު ބަލާލިބަލާލުމުން ވިސްނުނީ، އެނުކުތާތައް ޚުލާޞާ ކުރައްވާފައި ވަނީ، ޤާނޫނުއަސާސީ އިސްލާޙުކުރުމަށް “ދަލޯސޮސައިޓީ އޮފް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާ ހުށަހެޅުން” މިނަމުގައި، 2004 ޖޫން 29 ގައި ޔޫއެންޑީޕީގެ ދީލަތި އެހީއާއެކު، ހަށަހަޅާފައިވާ ރިޕޯޓުގައިވާ ހުށަހެޅުންތައް ބައްލަވައިގެން ޚުލާޞާކޮށް ލެއްވުމަށްފަހު، ހޮވާލައްވާފައިވާ ނުކުތާތަކެއް ކަމަށެވެ. މި 31 ނުކުތާވަނީ، 20 ސޮފްހާގެ ކުޑަފޮތެއްގެ ސިފާގައި، މަޑުރީދޫ ކުލައިގެ ރީތި ބަނޑޭރިގަނޑެއްގައި ރަތްކުލައިން ދައުލަތުގެ ނިޝާން އުފުލިފައި އިންނަގޮތަށް އޮބުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ނެރުއްވައި ގިނަފަރާތް ތަކަކަށް ބައްސަވާފައެވެ. ޚަރަދުބޮޑު ގޮތަކަށް، މި “ރީދޫފޮތް” ނެރުއްވުމާއެކު، ޔޫއެންޑީޕީގެ ދީލަތިއެހީއާއެކު، ދަލޯސޮސައިޓީން ތައްޔާރުކުރެއްވި ބުރަދަނެއްވާ، އަގުހުރި ޢިލްމީ މަސައްކަތްވަނީ، މުޅިން ފަނޑުވެ، ގެއްލިފައެވެ. އެފޮތްތައް ސަރުކާރުގެ މުހިންމު މުއައްސަސާ ތަކަށާއި ރައްޔިތުންނަށް ނުބެހި، ވީނުވީތަނެއް ނޭގުނެވެ. ފޮރުވުނު ތަނެއްގައި ފޮރުވައިފިއެވެ. ސަރުކާރަށް ހަދިޔާކުރެވުނު، ފޮތްތައް ނުފެނުނުތާ، ދަލޯ ސޮސައިޓީންވެސް އޭގެފޮތެއް ނެރެ ދައްކާލާކަށް ނުކެރުނެވެ.

މިއީ ދިވެއްސާއި އިނގިރޭސި، މިދެބަހުން ލިޔެފައިވާ ވަރަށް ރީތިކޮށް މޮޅުކަރުދާހުގައި، ދިވެހި ބައިގައި، 79 ސޮފްހާ، އަދި އިނގިރޭސި ބައިގައި، 81 ސޮފްހާ ހިމެނިފައިވާ، ފުދޭވަރެއްގެ ބޯފޮތެކެވެ. މި މަސައްކަތް ދަލޯސޮސައިޓީން ކުރެއްވީ، ރައީސްމައުމޫނު ދިވެހިންނަށް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ގެންނަންފެންނަ އިޞްލާޙުތައް، 2004 ޖޫން 30 ގެ ކުރިން، އެމަނިކުފާނަށް ހުށަހެޅުއްވުމަށް ދަޢުވަތުދެއްވައި ރައީސް އޮފީހުން، އިޢުލާނު ކުރެއްވުމާގުޅިގެން އެމަސައްކަތައް ދަލޯސޮސައިޓީން، އިޖާބަދީ ޢަމަލީގޮތުން ބައިވެރިވުމުގެ މާތްމަޤުޞަދު ގައެވެ. އެހެނަސް އެބުރަބޮޑު ގައުމީ މަސައްކަތާއި ދިވެހި ރައްޔިތުންގެ ތެރެއިން އެކަމަށް އިޖާބަދިން ގިނަބަޔަކު، އެރުވިހުރިހާ ޚިޔާލުތައްހުރީ، ބަންޑެލިކުރެވި ގުދަނެއްގައި ފޮރުވިފައެވެ. ހާމަކުރައްވައި ރައްޔިތުންނަށް ފެނިގެން ދިޔައީ، ރައީސުލް ޖުމްހޫރިއްޔާގެ ނަންފުޅުގައި ޝާއިޢުކުރެވުނު، އަސާސީއަށް ގެންނަންފެންނަ އިޞްލާޙުތަކުގެ “ރީދޫފޮތް” އެކަންޏެވެ. މިއީ، މިހާތަނަށް ރައީސް މައުމޫނުގެ ސަރުކާރުގައި ހުރިހާކަމެއް ވެސް ކުރެވޭގޮތުގެ ރީތިމިސާލެކެވެ. ކުރީފަހަރު އިޞްލާޙު ކުރެވުނު ގާނޫނު އަސާސީއަށް ވެސް ހެދީއެގޮތެވެ. ކޮމެޓީތަކާއި ރީތިދިރާސާތައް ޖަރީކޮށް ދެއްކުމަށްފަހު، ނިންމާލެއްވީ އަމިއްލަ ބާރުގެ ރަސްކަމަށް ފެންނަ، އަމިއްލަފުޅަށް އެންމެ ފައިދާހުރި ގޮތަށެވެ. އާދެ! ބޮޑުމަޖިލީހުގެ މައްޗަށް ވެރިކަމުގެ ނުފޫޒު ވަރަށްބޮޑަށް ފޯރުވައި ގެންނެވެ. ރާއްޖޭގެ ފަޅުރަށްތައް ވަރުވާއަށް ދިނުމާއި ސަރުކާރު ޢިމާރާތްތަކާއި ތަންތަން ކުއްޔަށް ދިނުންވެސް އޮންނަނީ މިކަހަލަ ގޮތަކަށެވެ. ތެޔޮހަނެއްގައި އެއްކޮޅަށް ގާނާގޮތަށެވެ. ނަމުގައި ވަރުވަރުގެ ކޮމެޓީތައް އޮވެފައި، ނިންމަވާނީ އަމިއްލަފުޅު ރަސްކަމަށް ފެންނަޒާތީ ގޮތަށެވެ. ލިބޭނީ ދެއްވަން ބޭނުންފުޅުވާ މީހާއަށެވެ. ދަލޯ ސޮސައިޓީން ނެރުއްވި ފޮތްފެނުމުގެ ނަސީބުލިބިގެން ދިޔައީ، އެމްޑީޕީގެ ފުރަތަމަ ރިޔާސީ އިންތިޚާބުގައި ޑޮކްޓަރ މުޙަންމަދު ވަހީދުހަސަންމަނިކު، ވާދަކުރެއްވި ދުވަސްވަރު އޭނާކުރެއްވި މަސައްކަތްތަކަކާ ގުޅިގެން، ޔޫއެންޑީޕީ މާލޭ އޮފީހުން، އެމްޑީޕީ އޮފީހަށް ހަދިޔާއެއްގެ ގޮތުގައި ދެއްވި އެއްހާސް ކޮޕީގެ ތެރެއިންނެވެ.

އާދެ! ރައީސް މައުމޫނުގެ، މިނިދާއަށް އިޖާބަދިނުމުގެ ގޮތުން މިހާރުވަނީ، އެތައްމަސައްކަތް ތަކެއް ކުރެވި، އެތައް މިނިވަން ބަހުސްތަކެއް ބޭއްވި، ވަރަށް ފުރިހަމަގޮތުގައި އެދެވޭ ޚިޔާލުތަކެއް ފާޅުކުރެވިފައެވެ. އަދި، ސަރުކާރާގުޅޭ ފަރާތެއް ކަމުގައިވާ، ދިވެހިނާދީގެ ފަރާތުންވެސް ވަނީ، މިނިވަން ބަހުސެއް ބާއްވާފައެވެ. މިބަހުސަށް ހާޒިރުވީ، ގިނައިން މިނިވަން ޚިޔާލުގެ މިނިވަންބަހުސް ތަކުގައި ބައިވެރިވި، ރިފޯމަށް ތާއީދުކުރާ ޒުވާނުންތަކެއް އެކަންޏެވެ. މިގޮތަށް ބޭއްވުނު ދެބަހުސެއްގައި ވެސް ހުރިހާ ކާމިޔާބީއެއް ހޯދީ އިސްލާޙަށް ތާއީދުކޮށް އިސްސަފުގައި ކުއްލިހަރަކާތުގައި ތިއްބެވި ރިފޯމިސްޓުންނެވެ. ތަރުޙީބު ލިބިގެންދިޔައީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ތާއީދުކޮށް ވާހަކަދެއްކެވި ބޭފުޅުންނަށެވެ. ޤައުމުގައި ދިރިފައިއޮތް އިސްލާޙީ އޮއިވަރުގައި ބާރުހުރި މިންގަނޑު ވަޒަންކޮށްލެވިފައި ވަނީ، އެދުވަސްވަރު އުފެދިފައިއޮތް އިޞްލާޙީޙަރަކާތުގެ ރޫޙުހުރިގޮތުގެ މައްޗަށެވެ. ރާއްޖޭގައި އުފައްދަން މަސައްކަތްކުރި ފުރަތަމަ ސިޔާސީޕާޓީ ކަމުގައިވާ އެންޑީޕީ، ރައީސް މައުމޫނުގެ މުށުތެރެއިން ނެރުއްވި ޤަރާރެއްގެ ދަށުން ރަޖިސްޓްރީ ކޮށްދެއްވުމަށް މަޖުބޫރުކުރުވީ، އިޞްލާޙީ ޙަރަކާތުގެ ރޫޙުކަމުގައިވާ މިދެންނެވި ސިޔާސީބާރެވެ. މިއީ ހަލުއިކޮށް ކުރިއަރަމުންދާ ދުނިޔޭގެ ހުޅުވާލެވި ފައިވާ މިނިވަންކަމާ ދިމާއަށް ދަތުރުކުރަމުންދާ ސީދާމަގެވެ. މިހައިވޭއަށް އެރުމަށް ދެކޮޅުހަދާ ކޮންމެބާރަކީ، ނިކަމެތިވެ ބަލިކަށިވާންޖެހޭނެ ބާރެއްކަންދަނީ، ތަޖުރިބާކުރެވި ފެންނަމުންނެވެ. ފަހެ، ދަންނާށެވެ! އެއްގޮތަކަށްވެސް އިދިކޮޅު ޙަރަކާތް ރޫޅާލެވިއްޖެ ކަމުގައި ނުދެކޭށެވެ. ރާއްޖޭގައިވެސް މިކަމުގެމޭވާ ދޮންވެ ފައްކާވާނެ ވަޤުތުލަސް ތަކެއްނުވެ އަންނާނެއެވެ. ފެނިގެންދާނެކަން ކަށަވަރެވެ. މީރުވަހާއި ރަހަޔާއެކު، މޭވާބިނދެ ކާލާނެ ކުޅަދާނަ ޒަޢާމަތެއް ފެނިގެންދާނެކަން ޔަގީނެވެ. އޭރުން އޮންނާނީ، ނިޔަތާއި މަޤްޞަދުގައި އިޚްލާޞްތެރިކަން ހަރުލާއި ސާބިތުކޮށް ދެވިފައެވެ. ފިތުރަތުގެ ސާފުތޯހިރު ކަމަކީ، އެއީއެވެ. ކާމިޔާބުވުމުގެ އަޞްލަކީ، އިޚްލާޞްތެރި ނިޔަތެވެ. ފައިސާއެއްނޫނެވެ. މުދަލެއްނޫނެވެ.

އާދެ! ނެތުމުގެ ތެރެއިން މިދުނިޔެ ވުޖޫދަށް ނެރުއްވީއްސުރެ، މިއަދާޖެހެން ދެންވެސް ދުނިޔޭގެ އެންމެހާ ކަންތައްތައް ފުށޫނާރާގޮތަށްރޭވި، ހިނގަމުން އައިސްފައިވަނީ ވަރަށް ފުރިހަމަ މަލަކޫތީ ރޭވުމެއްގެ ދަށުންނެވެ. ﷲގެ ކުޅަދުންވަންތަ ކަމުގެދަށުންނެވެ. މިއީ އަޅުގަނޑުމެން އެންމެހާ އިސްލާމުން ޤަބޫލުކުރާ ވަރުގަދަ ހަމައެވެ. އަދި އިސްލާމުން ހިތުގެއަޑިން ޤަބޫލުކުރާ ޠޯހިރު، ޢަޤީދާއެވެ. ﷲ އިންސީންނާއި ޖިންނީން އުފައްދަވައި ބުމުގައި، ފަތުރުއްވައި އާބާދުވާން ފެށުމާއެކު، ބަހުގެ ޢިލްމުވެރީންގެ އިޞްޠިލާޙުގައި ބޭނުންކުރާ، “ސިޔާސަތު” އޭމިކިޔާ، ހުނަރާއި ފަންނު، ޢިލްމެއްގެ ސިފާގައިފެށި، ހިނގައި ގެންފިއެވެ. އިންސީންނާއި ޖިންނީން، ﷲ އުފެއްދެވީ، ﷲ އަށް އަޅުކަންކޮށް، ﷲގެ ބިން އާރާސްތުކޮށް، ދިރުވާއި އާބާދުކޮށް، ޢިމާރާތް ކުރުމަށެވެ. ދެންފަހެ، މިކަންތައް މުޅިކާއިނާތުގައި ހިނގައިގަތީ ވަރަށް ވާދަވެރި ނިޒާމެއްގެ ދަށުންނެވެ. އަޑިއެނގުމެއްނުވާ ފުޅާވެގެންވާ ބޮޑުޢިލްމެއްގެ ގޮތުގައެވެ. ޝައްކެތްނެތެވެ! ވަސްވާހެއް ނެތެވެ! އެއީ ހަމައެކަން ހިނގާނެގޮތެވެ! އެއީ ކާއިނާތުގެ ޠަބީޢަތެވެ! ދުނިޔޭގެ ފިތުރަތެވެ!

ސިޔާސަތު:

އާދެ! ޢިލްމުވެރީންގެ އިޞްޠިލާޙުގައި ސިޔާސަތަކީ؛ އިންސާނުން ދިރިއުޅުމުގައި އާންމުކޮށް ކުރިމަތިވާ އެންމެހައި ކަންތައްތައް، ޢަދުލް ވެރިކަމުގެ މަގުންރާވައި ހިންގުމެވެ. ބިންތަައް ފަތުރުއްވައި އިންސީންނާއި ޖިންނީން، އުފެއްދެވީ އެބޭނުމުގައެވެ. އަދި ބިންތައް އާރާސްތުކޮށް، ބިމުގައި ދިރިއުޅޭނެ، ނަޥްޢުތައް އުފެއްދެވިއެވެ. ދެންއެއަށް ފަހު، ދިރިއުޅުމާއި، ޢިބާދާތާއި، މުޢާމަލާތު، އިންސާފުވެރި ގޮތަށް ރާއްވަވައި ދެއްވިއެވެ. ފަހެ އެއީ، ﷲގެ ކުޅަދުންވަންތަ ކަމެވެ! ވިސްނާކޮންމެ މީހަކަށް އޮޅުންފިލާހުއްޓެވެ! މިތިންކަންތައް، އެކަތިއަނެކައްޗައި ލާމެހިގެން ހިނގައިގަތީ، އިންތިހާއަށް ވަރުގަދަ ބާރަކާއެކުގައެވެ. ރޫޙާނިއްޔަތާ އެކުގައެވެ. އެކައްޗަށް، އަނެކައްޗާނުލައި ފުރިހަމަ ނުވެވޭނެ ގޮތަށްލާމެހި ގެންނެވެ. ފަހެ، މިރޭވުންތެރި ޠަބީޢީ އަސްލައި ޚިލާފުވެއްޖެނަމަ، ނާތަހުޒީބުވެ، އަނިޔާވެރިންގެ ތެރޭގައި ހިމެނިދާ ގޮތަށެވެ. ބިމުގައި ފަސާދައުފައްދާ މީހުންގެ ގޮތުގައި މަގުފުރެދި، އާޚިރަތުގެ ޢަޒާބަށް، ހުށަހެޅިގެންދާ ގޮތަށެވެ. އުޚުރަވީ ދުނިޔެއެއް ލައްވާފައިވަނީ، އެހެންވެއެވެ. ދުނިޔެމަތީގައި އިމްތިޙާނުތަކެއް ހަދައިފާސް ވުމަށެވެ. މަޤްޞަދެއްނެތި ހާސިލްކުރެވޭނެ އެއްޗެއް ނުވާތީއެވެ. ފަހެ، ދަންނާށެވެ! ﷲއީ، ﷲގެ އަޅުން، އިމްތިޙާނުކުރައްވައި، ކެތްތެރިކަން ވަޒަންކުރައްވާ އިލާހުއެވެ. ހަމަކަށަވަރުން ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި މުދަލުގެ ތެރެއިންނާއި، ފުރާނަތަކުގެ ތެރެއިންނާއި، މޭވާތަކުގެ ތެރެއިން އުނިކަންލިބުމާ، މިކަންކަމުގެ ތެރެއިން ބައެއްކަންތައް މެދުވެރި ކުރައްވައި ތިޔަބައިމީހުންގެ ކެތްތެރިކަން ހުރިގޮތެއް، ﷲ ބައްލަވާހުށި ކަމަށްވަނީ އަންގަވައެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވުމަށް، ކީރިތިރަސޫލާއަށް އަމުރުކުރައްވާފައި ވެއެވެ.

ފަހެ، ދަންނާށެވެ! އިސްލާމްދީނުގެ އަސްލުތަކާއި އުސޫލުތަކުގައި، ވަރުގަދަ ސިޔާސީނިޒާމެއް ވާކަމާމެދު، ޝައްކެއް ވަސްވާހެއް ނެތެވެ. އުފެއްދެވިފަރާތެއް ވާކަމާއި ދިރިހުރުމާއި މަރުވުމަކީ، ކަނޑައެޅިގެން ޙަޤީޤަތެއްކަމުގައި ހިތުގެއަޑިން އިންސާނާއަށް ޤަބޫލުކުރެވި، ޔަޤީންކުރެވިއްޖެއެވެ. ޝަހާދަތުގެ ދެކަލިމަ، ދުލުންކިޔާއި ހިތުގެއަޑިން ޤަބޫލުކޮށް ފީމުއެވެ. އުފެއްދެވި ފަރާތުން، އިޚްތިޔާރުތަކެއް ދެއްވުމަށްފަހު، ވިއްސިވިހާލިކޮށް، އުޅޭނެގޮތަކަށް އުޅުމަށް ދޫކޮށްލެއްވީ ކީނޫނެވެ. ނަބީންނާއި ރަސޫލުން މެދުވެރިކުރައްވައި، ސަމާވީ ޝަރީޢަތްތައް ބާއްވާލެއްވިއެވެ. އެއީ ތެދުމަގު ލިބިގަތުމަށެވެ. އަދި ދެދުނިޔެ ބާއްޖަވެރި ކުރުމަށެވެ. ތެދުމަގުލިބިގެންފި މީހާދަންނާށެވެ! ފަހެ، އެމީހާ ތެދުމަގު ލިބިގަންނަކަން ކަށަވަރީ، އެމީހާގެ އަމިއްލަ ނަފްސަށެވެ. މަގު ފުރެދިއްޖެ މީހާ، ދަންނާށެވެ! ފަހެ، އެމީހާ މަގުފުރެދޭކަން ކަށަވަރީ އެނަފްސުގެ މައްޗަށެވެ. ފާފަވެރިވެފައިވާ ފުރާނައެއް، އެފަދަ އެހެން ފުރާނައެއްގެ ފާފަނުއުފުއްލާ ނެތެވެ. އަދި، ﷲ ރަސޫލަކު ފޮނުއްވައި ފުމަށް ދާންދެން، އެއްވެސް ބަޔަކަށް ޢަޒާބު ދެއްވުމަކަށް، ﷲ އިރާދަ ނުކުރައްވަތެވެ. އެތައްހާސް ނަބީންނާއި އެތައްސަތޭކަ ރަސޫލުން، ތެދު ރިސާލަތައިގެން ފޮނުއްވުމުގެ ބޭނުމަކީ މިއެވެ. މިވަރުން އެއްވެސް އިންސާނަކަށް ނުއެގިއޮވެ ގެނެއް، ނުވާނެއެވެ. ފަހެ، ނޭގެއޭބުނާބުނުން، ޢުޒުރެއްގެ ގޮތުގައިބަލައި ގަނެވޭނެ އެއްވެސް ޖާގައެއްނެތެވެ. އިންސާނުން ތަބާވެ، ހިގަންވީ ތެދުމަގު ދުސްތޫރެއްގެ ގޮތުގައި، ﷲ ދެއްކެވިއެވެ. ކާއިނާތުގައި ދުވަސްތައް ދައުރުވަމުން ދިއުމުގައި އެކިފަށްތަރުތައް ތަޖުރިބާ ކުރެވިފައި ވެއެވެ. މިދެންނެވި އެއްފަށްތަރާއި އަނެއްފަށްތަރާ ދޭތެރޭގައި، އެރިސާލަތެއްގެ އަސްލު ނަގާލައެވެ. އޮޅުވާލަމުން ގެންދިޔައެވެ. އިސްކޮށް ނަގާކިޔަން ތިއްބަވާ ބޮޑުންތައް އެގޮތްމިގޮތަށް، ތަޙުރީފުކޮށް އޮޅުވާލައި، ސަމާވީފޮތްތައް ވަނީ ބަދަލުކޮށްފައެވެ. ތަޙުރީފުކޮށް ހަދާފައެވެ. އޮޅުވާލާއި ހަދާފައެވެ. އެރަސްކަލަކަށް، ފެނުނުމޮޅު ގޮތަކީ، އެރަސްކަމެއްގެ ފޮތާއި ގޮތެވެ. އަމިއްލަ ދުސްތޫރެވެ. އެމީހުންގެ ޝަރީޢަތް ކަމުގައިވާ އަސާސީޤާނޫނުތައް ވަނީ ބަދަލުކޮށް، އަމިއްލައެދުމައި އެއްގޮތް ކޮށްފައެވެ. ޝަރީޢަތްތައް ވަނީ ބަދަލުކޮށްފައެވެ. އަމިއްލަ އަތުންއުފައްދައި، ލިޔުނު ވަޟަޢީޤާނޫނު ތަކަކަށް، ބަދަލު ކޮށްފައެވެ. ވަޟަޢީޤާނޫނުތައް ހެދުމުގެ އިޚްތިޔާރު، އުންމަތަށާއި، ޙާކިމާއަށް ލިބިގެންވަނީ، ﷲގެ ޝަރީޢަތާ، ޚިލާފު ނުވާގޮތަށް މުޖުތަމަޢުގެ އާންމު މަސްލަހަތު ދެމެހެއްޓުމުގެ ގޮތުންނާއި، ޞުލްޙަވެރިކަން ޤައިމު ކުރުމަށާއި، ދައުލަތް އިންތިޒާމު ކުރުމަށެވެ. އެނޫންގޮތަކަށް އެކަމެއް ނުކުރެވޭނެއެވެ. އެހެނަސް އިންސާނީ މުޖުތަމަޢުތައް ދިޔައީ ރޫޅެމުންނެވެ. މުޖުތަމަޢުގެ ވަޙުދަތު ދިޔައީ، އެގޮތްމިގޮތަށް ފުރޮޅެމުންނެވެ. އެއްވެސް ހަރުދަނާކަމެއް ނެތިއެވެ. ޤައުމުތަކުގެ ސިޔާދަތު ދިޔައީ ވެއްޔައި މޮޑެވެމުންނެވެ. މުޅިރައްޔިތައް، އޭގެފައިދާ ކުރާނެމޮޅުގޮތެއް ހޯދާއި، އީޖާދުކުރެވޭތޯ، ތަފާތު މުޖުތަމަޢުތަކުގައި، ތަފާތުގޮތްގޮތަށް ސިޔާސަތު ގެންދެވުނީ، ބަދަލުކުރެ ވެމުންނެވެ. އެދުވަސް ވަރެއްގައި، ނަގާކިޔަން ތިއްބަވާ ބޮޑުންނަށް ފެންނަގޮތަކަށް ސިޔާސީނިޒާމު ގެންދެވީ، އެބަޔަކަށް އެންމެފަސޭހަގޮތަށް، އަދި ފައިދާހުރި ގޮތަށް ބައްޓަން ކުރަމުންނެވެ. ދާއިމީ ހަމަޖެހުމެއްނެތި އެގޮތް މިގޮތަށް ބަދަލު ކުރަމުންނެވެ.

ފަހެ، ދަންނާށެވެ! ދިވެހި ޤައުމުގައި ހަރުދަނާ ސިޔާސަތެއް، ދެއްކުމުގެ ގޮތުން ރައީސް މައުމޫނު، ފަހަކަށް އައިސް ކުރެއްވި ކަންތަކުގެތެރެއިން އެންމެނާތަހުޒީބު، ފުށޫއަރާކަމަކަށް ވެގެންދިޔައީ، ދުނިޔޭގައިލެއްވި ހުރިހާވިޔަފާރިއެއް ކުރައްވަމުންގެންދަވާ ފައިސާވެރިއަކަށް، ދައުލަތުގެ ޚަޒާނާގެ އެންމެމަތީ ތަޅުދަނޑި ހަވާލު ކުރައްވައި، އަދި ދައުލަތުގެ މައިބޭންކުގެ ގަވަރުނަރުކަން ދެއްވުމެވެ. އަދި ފައިސާގެ އެންމެމަތީ ޢަދަދުގެ ނޫޓުގައި، އޭނާއުފާކޮށްލުމަށް، އޭނާލައްވައި ސޮއިއެޅުވުމެވެ. ދެންފެންނާނީ، ދެންހުރިނޫޓު ތަކުގައި އޭނާގެސޮއި އަޅުމަށް މަސައްކަތް ފަށާތަނެވެ. މިކަމުން ރައްޔިތުންގެ ޚަޒާނާއަށް ވެގެންމިދަނީ އެންމެދެރަގޮތެވެ. އަލަށްބާޒާރަށް ނެރޭ އާނޫޓުތަކުން ގަޑެއް ހިފާއްޓައި އުވާނުލައްވައި، އަލަށްސޮއި އެޅިނޫޓުތައް ދަނީބާޒާރަށް ނެރެގިނަ ކުރަމުންނެވެ. މިއީވަގަށް ނެރެވުނު ނޫޓުތައްދިރުވުން ނޫންބާވައޭ އަޅުގަނޑުގެ ހިތަށްވަދެއެވެ. އާދެ! މިކަމަމަކީ އިސް ފަޚުރުވެރިޔަކު، ފަޚުރުވެރިވާހިތުން އުޅޭމީހެއް، އިތުރަށް ފަޚުރުވެރި ކުރުވުމަށް، އެޅުއްވި ފިޔަވަޅަކަށް ނޫނީ ނުވެއެވެ. ސިޔާސީ މަޤްޞަދެއްގައި، އެޅުއްވި ވަރުގަދަ ސިޔާސީ ފިޔަވަޅެކެވެ. ސީދާ، ރުއްސުމުގެ ޢަމަލެކެވެ. މިއީ ރައީސްމައުމޫނު މިހާތަނަށް، ސިޔާސީގޮތުން ކުރެއްވި، އެންމެގިތިކަންބޮޑު ޅަކަންތަކެވެ. ވަރަށްފާޅުގައި އެޅުއްވި ސިޔާސީގިއްޗެކެވެ. އޭގެނަތީޖާ ލަސްތަކެއްނުވެ، ފަހުންފެންނާނެ ކަމެކެވެ. ފަހެ، ދަންނާށެވެ! މިއީ އޮނަރަބްލް ވަޙީދުއްދީނަށް، އަތޮޅުތަކާބެހޭ ވުޒާރާ ހަވާލު ކުރެއްވުމާ މުޅިންތަފާތު ކަމެކެވެ. ލޯކަލްގަވަރމެންޓެއްގެ ދަޅައާއި ވިދުވަރުގައި ޑީންވަނީ، މޮޔަކޮށް ލައްވާފައެވެ. 5 ފެބްރުއަރީގެ އައްޑޫދަތުރުފުޅުގެ ވާހަކަތަކުން އެމަންޒަރު ޗާލުކޮށް ސިފަކުރުވިއެވެ. ރެއާއި ދުވާލު އަތޮޅުތަކުގައި އެކަން ނުކުރެއްވިގެން ތެޅިފޮޅިއުޅުއްވަނީ ވަރަށް ފޯރިއާއި ޖޯޝާއެކުގައެވެ. އަނެއްކޮޅުން، ޑީން އަށްވުރެ މާމަތިން ވެރިކަމުގެ ބާރުގެތެރެއިން، “ނޭގޭފަރާތަކުން” ބޮޑަކު، އެކަންވިޔަނުދޭން ކުރެވެންހުރި ހުރިހާކަމެއް އަތޮޅުތަކުގައި، ވަރަށްރީތިކޮށް އޮމާންކޮށް ހިންގަމުން އެބަގެންދެއެވެ. ރަށްޓެހިފުޅު ކަތީބުންނާއި މުދިމުންނަށް ފޯންކޯލްތައް ގިނަކުރައްވާފައި ވެއެވެ. ފޮރުވިއެންމެ އަޑީގައި މިހުންނަވަނީ، އޯލްޑް މޯލްޑިވްސްގެ އެންމެއިސް މުސްކުޅިޔާއެވެ. އެތޮޅުތަކުގައި އަންޑަރގުރައުންޑު އެތައްކަމެއް، މިސްޓަރ ޑީނާދެކޮޅަށްރާވާއި ހިނގަމުން އެބަގެންދެއެވެ. ބޭރުފުށަށް ވާނުވާއެއް ނޭގޭނެއެވެ. މިސްޓަރ ޑީންގެއަންބޮޑީގައި އަބަދުވެސްއެންމެ އިސްކޮށް ބޭއްވިފައި އޮންނާނީ، ލޯކަލް ގަވަރމެންޓާއި ލޯކަލްކައުންސިލްތަކުގެ ލިޔުންތަކެވެ. މިސްޓަރ ޑީންކަހަލަ ސީދާސާދާ، “ރަނގަޅު” މާތްބޭފުޅުން ވާވައްދަނީ، މިއުސޫލުންނެވެ. މިއީ ރައީސްމައުމޫނުގެ ވެރިކަން ދެމެހެއްޓެވުމަށް ގެންގުޅުއްވާ ސިޔާސަތެވެ. ގައުމުގެ ބޮޑުންނާއި ރައްޔިތުން ބައިބައި ކޮށްގެން ވެރިކަން ހިންގުމަކީ މިއެވެ.

އާދެ! ސުމުއްވުލް އަމީރު މުޙައްމަދު އަމީނުގެ ޝާއްބަކަމާއި ޒުވާންކަމުން، ބޮޑުސްޓޯރުގެ ކޭޝިޔަރުކަން، ކޮލިގޭއުމަރު މަނިކަށް ދެއްވާފައިވަނިކޮށް، މިޞްރުކަރައިން، ޢަބްދުލްމްޖީދު ރަންނަބަޑޭރި ކިލެގެފާނު މާލެ ވަޑައިގެންނެވިގޮތަށް، އެމަޤާމުގައި އަމިއްލަ މުއްސަނދި ވިޔަފާރިކުރާ ވިޔަފާރިވެރިއަކު ބަހައްޓައިގެން، ނުވާނެކަމަށް އަމުރުނެރުއް ވުމުން، އެކަން ބަދަލުވެގެން ދިޔައީ ވަރަށް އޮމާންކޮށެވެ. ދެން އެއަށްފަހު، ރާއްޖޭގެ ބޮޑުސްޓޯރުގެ ކޭޝިޔަރުކަން ދެވުނީ، ޖަވާހިރުވާދީ ހުސައިން އިބްރާހީމް (ހުސައިންބެ) އަށެވެ. އެހެނަސް، މިހާރުގެ ވެރިކަމުގެ ދޯހަޅިސިޔާސީ ރޭވުންތަކުގެ ދަށުން ފެންނަމުން މިދަނީ، މުޅިންވެސް އަމިއްލަ އެދުމުގެ ކަންތަކެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއަށްވުރެ އިސްކުރެވެނީ، އަމިއްލަ ގޮތްތަކެވެ. ދައުލަތުގެ ސިޔާސަތަކީ އަމިއްލައެދުމާއި ވެދުމެވެ. އެހެންވެ، ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑު ހަރުއަޑުން ދަންނަވާފައި ވާނެއެވެ. މިފަހަރުގެ ގާނޫނު އަސާސީ އިސްލާހު ކުރުމަކީ، ރައީސްމައުމޫނުގެ އަމިއްލަފުޅު ސިޔާސީ އެޖެންޑާއެކެވެ. ރާއްޖެއަށް އިޞްލާޙީ ބަދަލެއް ގެނައުމުގެ ނަމުގައި އެމަނިކުފާނުގެ އެދުމާއި ވެދުމުގެދަށުން ބޭރުދުނިޔެއަށް ދެއްކެވުމަށް ފަރުމާކުރެވުނު ރީތިޗާޓެކެވެ. މަޤްޞަދަކީ، ސިޔާސީ ޕާޓީތަކެއްހަދައި، ޕާޓީއަކުން ބޮޑުވަޒީރެއް ހޯއްދަވައިގެން، އަނެއްކާވެސް އިތުރަށް ރައީސްކަންކޮށް ލެއްވުމެވެ. މިސާލު ދޭންވެއްޖެނަމަ، މިފަދަމިސާލުތައް ބައިވަރު ފެންނަން އެބަހުއްޓެވެ. ފަހެ މިއީ، ރައީސް މައުމޫނުގެ އިޞްލާޙީ އެޖެންޑާއިން ވަރަށްކުޑަ މިސާލެކެވެ. މިއީ، އެމަނިކުފާނުގެ އިޞްލާޙީ އެޖެންޑާއިން ކުޑަކުޑަ ޒައްރެއް މިންވަރުގެ ތަންފުކެކެވެ. ރައީސްމައުމޫނު ވެރިކަން ކުރެއްވުމުގެ ވައްޓަފާޅި ގަނޑުގެ ތެރެއިން އެންމެފަހުން ފައުޅުވި ސިޔާސަތަކީ، އެމެރިކާގެ ރައީސްބުޝް ފަލަސްޠީނުގައި، ގެންގުޅުއްވާ ސިޔާސަތުން ދަސްކުރައްވައިގެން، އަލަށް ދިވެހިންގެތެރޭގައި ތަޢާރުފްކޮށް ނެރުއްވައިގެން އުޅުއްވާ، ރައްޔިތުންނާއި ރައްޔިތުން ޖައްސުވައި، ތެޅުވުމުގެ ސިޔާސަތެވެ. ފަހެ، މިއީބިމުގައި އުފެއްދޭނެ އެންމެބޮޑު ފިތުނައެވެ. ފަސާދައެވެ. ރައްޔިތުންނާއި ރައްޔިތުން ތަޅަންފެށުމަކީ، ދާޚިލީ ހަނގުރާމައެއް ފެށުމުމެވެ. ބައިބައިވުމެވެ. ތަޖުރިބާތައް ދަށްކާގޮތުން، ވެރިކަމާއި އަމިއްލަބާރު، ދެންމުމަށް އެންމެމޮޅު ކުޅަދާނަ ހަތިޔާރަކީ، ދާޚިލީހަމަނުޖެހުން އެފައްދައި ދެމެހެއްޓުމެވެ. 2007 ފެބްރުއަރީ 5 ގެ، އައްޑޫ ދަތުރުފުޅުން މިމަންޒަރުފެނުނެވެ. ސިފައިން އެއްފަރާތް ކުރުމަށްފަހު، ރައްޔިތުންގެތެރެއިން ބަޔަކުނެރެ ބާރުވެރި ކުރުވާއި ލަޓިބުރިތައްދީ، ވަޑައިގެންނެވި ހާތާކަށް ފަހަތުފަހަތުން ގެންގޮސް ހެއްދެވުމަކީ، ރައްޔިތުންތެރޭގައި ހަމަނުޖެހުން އުފެއްދުމަށް ރޯކުރައްވާ އަނގުރު އަލިފާނެވެ. މިފަދަ ޖަރީމާތަކުގެ ޒިންމާއަމިއްލަ އިސްތަށިފުޅުގައި އަޅުއްވަން ޖެހޭނެއެވެ. މިއީބޮޑުޖުރުމެކެވެ. ތަހުގީގުކޮށް ބަލަންޖެހޭ ވަރުގެ ކަމެކެވެ. ގުންޑާއިންގެ ގޭންގުތަކަށް މަގުމައްޗަށް ނުކުތުމަށް މަގުފަހި ކޮށްދެވުނީއެވެ. ފަހެ، މިއީ ގައުމުގައި ހިންގަންޖެހޭ ޒާތުގެ ސިޔާސަތެއް ނޫނެވެ.

އާދެ! ތަފާތު މަރުހަލާގައި، ތަފާތު އެކިވަށްތަރު، ވަށްތަރުގެ ނަޒަރިއްޔާތައް ވަނީ، އެކިއުންމަތް ތަކުގައި ތަޖުރިބާ ކުރެވިފައެވެ. ސިޔާސީނިޒާމުގެ ތެރެއިންލާފައި، ތަފާތުވަށްތަރުގެ ވެރިކަން، ތަޖުރިބާ ކުރެވެން ފަށައިފިއެވެ. ތަފާތުވަށްތަރު ތަކުގެ ވެރިކަންތަކާއި ތަފާތުނަޒަރިއްޔާތައް، އުންމަތްތަކާއި ދައުލަތްތަކުގައި ތަޖުރިބާކުރެވެން ފަށައިފިއެވެ. ގިނައުންމަތް ތަކުގެ މިޞްރާބު ޢަމާޒުވާންފެށީ، ޖުމްހޫރިއްޔަތާ ދިމާއަށެވެ. ރައްޔިތުންގެ ވެރިކަމާ ދިމާއަށެވެ. އަދި، ވެރިކަން ކުރުމުގެ ތަފާތު ނަޒަރިއްޔާތައް، ލިޔެފަރުމާކޮށް، ވުޖޫދު ކުރެވުނެވެ. ސަމާވީޝަރީޢަތް ތަކުގެ ތެރެއިން، އެޝަރީޢަތެއް، އަބަދަށް ދެމިގެންދާނެ އަސްލެއްކަމުގައި ހިމެނުނު، އިސްލާމީ ޝަރީޢަތް، އަމިއްލަ އަމިއްލައަކަށް މަންސޫޚު ކޮށްލައި އެއްފަރާތް ކޮށްލައިފިއެވެ. އަދި، ދުނިޔޭގެ ތަންކޮޅުތަކުގައި ތަފާތު އުންމަތްތައް، ވެރިކަން ކުރުމުގައި އެކިވަށްތަރު، ވަށްތަރުގެ ނަޒަރިއްޔާތައް، ލިބިގަނެ ގެންގުޅެންފަށައި ފިއެވެ. މިއަދާހަމައަށް ބަލާއިރު ތަފާތުއެކި ނަޒަރިއްޔާތައް ވުޖޫދަށް ގެނެސް، ޢަމަލުކުރެވެމުން އެބަދެއެވެ. ކާއިނާތުގެ ތަފާތުތަންކޮޅު ތަކުގައެވެ. އެކިއުންމަތް ތަކުގައެވެ. ތަފާތު ދައުލަތް ތަކުގެ ނަމުގައެވެ. އެކި، މުޖްތަމަޢު ތަކުގައެވެ. އަސްލުއުސޫލު ތަކާއި ހަމަތައްވަނީ، އެއްފަރާތްކޮށް ދޫކޮށްލާފައެވެ. ފަނާވެނިމި، ހިނގައިދާނެ ހުވަފެނީ، އަދި ޚިޔާލީ، ދުނިޔޭއްގެ އުފަލާއި މަޖާތަކަށް ދެދުނިޔެ ބަރުބާދުކޮށް، ވީރާނާކޮށް ލެވެނީއެވެ. ފަހެ، ޣަފުލަތުގެ އަނދިރިކަމަކީ މިއެވެ.

ޑިމޮކްރަސީ:

އިސްލާމީ ޝަރީޢަތް، ޝަރުޢުވެ ފުރިހަމަވެގެން ދިޔައިރު “ޑިމޮކްރަސީ” މިލަފުޒު، އެއްގޮތަކަށް ވެސް ބޭނުންކުރެވިފައެއް ނެތެވެ. ބައެއް ޢިލްމު ވެރިންގެ ނަޒަރުގައި މިފަދަބަސްތަކަށް ނިސްބަތްވާ ބޮޑެތި ނަޒަރިއްޔާ ތަކަކީ، އިސްލާމްދީނުގެ އަސްލުތަކައި އެއްހަމަކުރެވޭ ވަރުގެ ލަފުޒަކަށްނުވެ ހިނގައި ދާނެއެވެ. ތަރައްޤީވެ ކުރިއަރައި ދުނިޔެ، މުށުތެރެއަށް ކުޑަކޮށްލާފައިވާ، މިޒަމާނުގެ ލިބަރަލް ޑިމޮކްރަސީނިޒާމާއި އިސްލާމީ ނިޒާމުގެ ތެރޭގައި ހިމެނޭ އިސްލާމީ ޑިމޮކްރަސީ ހަމަތަކަކީ، މުޅިންތަފާތު ދޭއްޗެކެވެ. މިދެނިޒާމުގައި ހިމެނޭ އަސްލު އުސޫލުތައް ބިނާވެފައިއޮތީ އެއްއަސްލެއް ކަމުގައިވާ، މަޝްވަރާގެ އުސޫލުތަކުގެ މައްޗަށެވެ. ހުޅަގުން އުފެއްދި ލިބަރަލް ތަހުޒީބީ ޑިމޮކްރަސީއަކީ، އިސްލާމީ އަސްލު އުސޫލުތައް ބާއްވާލައްވައި ފުރިހަމަވުމަށް ފަހު، އެދީނައި ދެކޮޅަށް އުފަންކުރި އެއްޗެކެވެ. އިސްލާމްދީނަށް ދެވުނު ޢުދްވާނީ ޙަމަލާއެކެވެ. އެޙަމަލާގެ ބިންގަލުގެ ބޭނުމަކީ، ދައުލަތުން ދީން ވަކިކޮށް، އެކަހަރި ކޮށްލުމައްޓަކައި، ރައްޔިތުން ރުއްސުމުގެ ނަމުގައި އެބަޔަކުއެދޭ ގޮތަށް، އެބައެއްގެ ޤާނޫނުތައް ފަރުމާކޮށްދީ، މިނިވަންކަން ހޯދައިދިނުމުގެ އޮޅުވާލުންތެރި ނުލަފާ ވިސްނުމެވެ. މިއީ އިސްލާމްދީނައި ދެކޮޅަށް ބޮޑުޢުދުވާނެއްގެ ގޮތުގައި ވަރަށްމޮޅަށް ރޭވިގެން މަޝްވަރާތައް ކުރެވިގެން ހިންގަމުންގެންދާ، ބައިނަލް އަޤްވާމީ ފެންވަރުގެ ރޭވުމެކެވެ. އެންމެއަޑީގައި ފޮރުވިގެންތިބީ ދުނިޔޭގެ ހަތަރުމަތިފުށް ބަފާކަމަށް ދައުވާކުރާ ސިއްރުރޭވުން ތެރީންތަކެކެވެ. މިއީ ދުނިޔޭގެ ބޮޑެތި ބާރުތައްގޮތުގައި، އިސްކޮށްތިބި ޔަހޫދީންގެ ބިޔަރޭވުމެވެ. މިއީ ޔަހޫދީންގެ އެދުރުން ކަމުގައިވާ ޞަހުޔޫނީން (ޒައެނިސްޓުން) ގެ ބޮޑުވިޔުގައިގެ އަސްލު މަޤްޞަދެވެ. ސާފުޠޯހިރު ކަންމަތީގައި ހެދިބޮޑު ވަމުންއަންނަ އިސްލާމީ ދަރިވަރުންގެ ޅަފަތުގައި، އެކުދިންގެ ހިތްތަކުގައި މިވިސްނުމުގެ އޮށްތައް، އިންދައިދިނުމަށް މުޅިދުނިޔޭގައާއި ޚާއްޞަކޮށް ޢަރަބި، އަދި އިސްލާމީ ޤައުމުތަކުގައި، ތަޢުލީމީ މަންހަޖު ރާވައިދީފައި ވަނީ، ދީނީޢަޤީދާ އިންނާއި، ތައުޙީދު ޢިލްމު، އެމުޤައްރަރު ތަކުން މުޅިން ދުރަށް ޖައްސާފައެވެ. ވަނީ، މުޅިން އެއްފަރާތް ކޮށްލާފައެވެ. މިރާއްޖޭގައިވެސް ފަށާތަޢުލީމާއި މެދުމަދްރަސީ ފެންވަރުގައި، ޢަޤީދާއާއި ތައުޙީދުގެ ބިންގާތައްވަނީ، މުގުރާލައި ފުނޑުފުނޑު ކޮށްލާފައެވެ. ޢަޤީދާއާއި އުލޫހިއްޔަތުގެ ރޫޙާނީވިސްނުން، އަށަގެންނެ ވުމަށް އެންމެއެކަށީގެންވާ ދުވަސްވަރު، އެފުރައިގެ ކުދިންގެ ހިތްތަކާއި ސިކުޑި ތަކުގައި އިންދައިދެނީ، ޞަހުޔޫނީންގެ ރޭވުންތަކުން ރޭވިގެން އައިސްފައިވާ ފިލާވަޅުތަކާއި ދަރުސްތަކެވެ. ކްލާސްތެރެއިން ފެށިގެން ގޭގެސިޓިންގ ރޫމާއި، މުޅިވެށިން ފެންނަނީ، އެމަންޒަރު ތަކެވެ. ރޫޙާނީޢަޤީދާ ވަރުގަދަ ވުމަކީ، އިސްލާމީ ހަރުކަށިކަމަށް ލެނބި ޓެރަރިޒަމަށް ދިއުން ކަމުގައިވަނީ، ބެލެވެން ފަށާފައެވެ. މިކަމުގެ ޒިންމާ ޙަޤީޤަތުގައި އުފުއްލަވަން ޖެހޭނީ، އަޒުހަރުގެ ޢިލްމީތާކިހާ ތުރު ކުރުއްވައިގެން، މިޞްރު ކަރައިން ވަޑައިގެންނެވުމުން، ސައްތައިން ސައްތަ، އިސްލާމީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައްޔިތުން، އެމީހުންގެ ރަންސަންދާނު (ރަންތަޚުތު) ކަމުގައިވާ، އެންމެމަތީ ބާރުގެވެރިކަން، ހެޔޮހިތުން ހަދިޔާކުރެވުނު، ޓީމުގެ އިސްފަރާތް ތަކެވެ. ޚާއްޞަކޮށް، ދެއުސްތާޒުން ކަމުގައިވާ ރައީސް މައުމޫނާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑޮކްޓަރ ޒާހިރު ޙުސައިނެވެ. ދުނިޔޭގެ ބޮޑެތިބާރު ތަކުން ޒީނަތްތެރިކޮށް ދަށްކަމުންގެންދާ ޒަމާނީ ޑިމޮކްރަސީ، ދިރުވައި ފުޅާކުރުމުގެ ބޭނުމަކީ، އިސްލާމީ ޝަރީޢަތުގައި ހިމެނޭ، ހުރިހާ ތަނަކަށާއި ހުރިހައި ޒަމާނެއްގެ ތަހުޒީބަށްފެތޭ، މަޝްވަރާގެ ނިޒާމު ފަނޑުކޮށްލައި ފުހެލުމަށް، އިސްލާމީ ދައުލަތްތަކުގައި ފާޅުގައި ކުރެވޭ މަސައްކަތްތަކަށް އިތުރު އަތެއްދީ، ރުހުން ލިބިގަތުމެވެ. މިއީ އާވަށްތަރެއްގެ ހަނގުރާމައެއް ރީތިކޮށް ރާވާލައިގެން ކުރުމުގެ އުކުޅެކެވެ. ނޭނގިތިބެ، ހަނގުރާމައެއްގެ ގަދަކޮޅި ގަނޑެއްގެ ދަށުވެ އަމިއްލައަށް ހަލާކުވެދަނީއެވެ. އަމިއްލައަތުން އަމިއްލަމީހުން މަރަނީއެވެ.

އާދެ! އިސްލާމީ ޝަރީޢަތުގެ މަޞްދަރަކީ، ﷲ އެވެ. ހުޅަގުން އުފެއްދި ޑިމޮކްރަސީގެ މަޞްދަރަކީ، ރައްޔިތުންނެވެ. ޖަރާސީމުތައް ވަށްދައި ވިހަކޮށްލާ ހިސާބަކީ، މިއެވެ. ރައްޔިތުންނަކީ، އިންސާނުންނެވެ. އިންސާނުންނަކީ، އަމިއްލައަށް އުފެދުނުބައެއްނޫނެވެ. އިންސާނުންގެ ހުރިހާއެއްޗަކީ، ސީދާ، ﷲ އެވެ. އެހެންބާރެއް ނޫނެވެ. ޒުވާނުންގެ ވިސްނުން ޚަލަލު ކޮށްލައި، ވާވައްދާލި ނުކުތާއަކީ، މިބޮޑު އޮޅުވާލުމެވެ. ފަށާތަޢުލީމާއި، މެދުމަދްރަސީ ތަޢްލީމީ މަންހަޖުގައި ހިމެނޭ މުޤައްރަރު ތަކުގައި، މިނުކުތާތައް، ޒުވާންސިކުޑި ތަކަށް ހާމަކޮށް ނުދެވޭތީ ވާނެގޮތް މިދަނީ ވަމުންނެވެ. ފެންނަމުންނެވެ. ތަޖުރިބާ ކުރެވެމުންނެވެ. މިކަމުގެ މަސްއޫލިއްޔަތާއި ޒިންމާ އުފުލަންޖެހޭނެ ބަޔަކުތިބެން ޖެހޭނެއެވެ. އިސްލާމީ ޝަރީޢަތަކީ، އިލާހީ އެއްޗެކެވެ. ބާއްވާލެއްވުނު ރިސާލަތެކެވެ. އިންސާނުންގެ ކާމިޔާބާއި އުފާ، ފާގަތި ކަމަށްޓަކައި، ދެއްކުނު ތެދުމަގެވެ. ދީނަކީ، ދައުލަތުގެ އެންމެވަރުގަދަ ރުކުނެވެ. ދީނައިނުލައި ދައުލަތް ފުރިހަމައެއް ނުކުރެވޭނެއެވެ. ހުޅަގުން ދީނާއި ދައުލަތް ވަކިކޮށްލުމުގެ މަޤްޞަދުގައި އުފެއްދި ޒަމާނީ ލިބަރަލް ޑިމޮކްރަސީވަނީ، އެއްވެސް ޤައުމެއްގައި ފުރިހަމަ ގޮތުގައި ޢަދުލުވެރިކަން ގައިމުކޮށް ނުދެވުމާ ގުޅިގެން، އެނިޒާމުގެ ބިންގަލައިމެދު، ޝައްކުތައް އުފެދި ފައެވެ. ސުވާލުތައް ކުރެވެން ފަށާފައެވެ. އަސާސެއް، އަސްލެއްނެތް ވާހަކަތަކަކަށްވެ، އެކަހަރިވާން ފަށާފައެވެ. ޖަވާބު، ލިބެންނެތް އެތައް ސުވާލުމާކު ތަކެއްވަނީ، އުފެދި ފެންމަތިވެފައެވެ. ޢިލްމީ ބަހުސްތަކަކަށް ވެފައެވެ. މިސަބަބާހުރެ މިހާރުން މިހާރަށް ޖެހިފައިވަނީ، އިސްލާމީ ނިޒާމުގައި ހުރި އިސްލާމީ ޑިމޮކްރަސީ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، އައު ޑިމޮކްރަސީ ފަލްސަފާއެއް ވުޖޫދަށް ގެނެސް ބިނާކުރާށެވެ. ދުނިޔެ ދެކެމުންމިދާ ޑިމޮކްރަސީގެ މުޅިތިޔަރީ، އަލުންބަލުން އިސްލާހު ކުރާށެވެ. އޭރުން ވެގެންދާނީ، އިސްލާމީ ތަހުޒީބީ ޑިމޮކްރަސީ އަށެވެ. ހުޅަގުން އުފަންކުރި ލިބަރަލް ޑިމޮކްރަސީ، އިސްލާމީ ތަހުޒީބީ ޑިމޮކްރަސީ އަކަށް، ބަދަލުކޮށް ލެވުނީއެވެ. މިއީ އިސްލާމުންނަށް ލިބިގެންވާ ޙައްޤެކެވެ. އިސްލާމްދީނު ހުއްދަކުރާ ކަމެކެވެ. ހުޅަގުންދައްކާ ކޮންމެހަމައެއް، ބާޠިލުކޮށްލާއި ބަލިކޮށްލުމަކީ، އިސްލާމްދީނުގެ ޚާޞިއްޔަތުގެ ތެރެއިން ހިމެނޭކަމެކެވެ. ދީނުގެ ފުރިހަމަކަން ހާމަކޮށްދޭ އަލިގަދަ ދަލީލެވެ. އިސްލާމީ ދަރިވަރުންގެ ޢަޤީދާ އާއި ތައުޙީދު، ވަރުގަދަކޮށް ހަރުދަނާކުރެވޭނެ ތަރުބިއްޔަތެއް ދެވެންވީއެވެ. ސަރުކާރުން ކަނޑައަޅާ ތަޢުލީމީ، މަންހަޖުގެ ހުރިހާ މުޤައްރަރު ތަކެއްގައި، މިބައިތައް ހިމަނަންވީއެވެ. އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަ ކުރަންވީއެވެ.

އާދެ! އިސްލާމީ ޝަރީޢަތުގައި ޑިމޮކްރަސީ އުސޫލުތަކާއި ހަމަތަށް މާހަރުދަނާކޮށް އެބަހުއްޓެވެ. ދީނުގައި ނެތްއެއްޗެއް ނެތެވެ. އެއީފުރިހަމަ ވެފައިވާދީނެވެ. ހިޖްރީން ދިހަވަނައަހަރު، ރަސޫލާކުރެއްވި، ޙައްޖަތުލް ވިދާޢުގައި ޢަރަފާތުބިމުގައި ހުންނަވަނިކޮށް، އަލްއިސްލާމް، އާދެ! އިސްލާމްދީން، ފުރިހަމަ ވެއްޖެކަމުގައި، ﷲ ވަނީ މިއުންމަތަށް، އަންގަވާފައެވެ. ފަހެ، އެ އެންގެވުމުގައި ވަނީ، އަދު ތިޔަބައިމީހުންގެ ދީން، ތިޔަބައި މީހުންނަށް ތިމަން، ﷲ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި، ތިމަން ﷲގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް، ތިމަން، ﷲ ފުރިހަމަ ކުރައްވައިފީ މެވެ. އަދި އަލްއިސްލާމް (އިސްލާމްދީން) ތިޔަބައިމީހުންނަށް ދީނެއް ކަމުގައި ތިމަން، ﷲ ރުހިވޮޑިގެންފީމެވެ.

އާދެ! ޑިމޮކްރަސީގެ އަސްލަކީ، މަޝްވަރާއެވެ. ފުރިހަމަވެފައިވާ ކަމެއްބަދަލެއް ނުކުރެވޭނެއެވެ. އިންސާނުން ޚަލްޤުކުރައްވައި ރިސާލަތެއް ބާއްވާލައްވައި، ހުރިހާކަމެއް ފުރިހަމަކިރެއްވީ، ﷲ އެވެ. އެހެންވީހިނދު އިސްލާމީ ޑިމޮކްރަސީ ދައުލަތެއް، އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން ގައިމު ކުރެވިދާނެ ކަމަށް، އަޅުގަނޑުދެކެމެވެ. ޖުމްހޫރީވެރިކަމެއް ހިންގުމަށް ދައުލަތުން ދީން ބޭރުކުރާކަށް ނުޖެހެއެވެ. އަދި ވަކިކުރާކަށް ނުޖެހެއެވެ. އަޅުގަނޑު ޤަބޫލްކުރާގޮތަކީ، އަލަށްހަދާ ޤާނޫނުއަސާސީ އަކީ، އިސްލާމީ ޑިމޮކްރަސީ އެއްގެ މައްޗަށްބިނާ ކުރެވިފައިވާ “އިސްލާމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ” އަށްވާށެވެ. އަދިމީގެ ފަހުން، ގާނޫނުއަސާސީގައި “އިސްލާމީ ދިވެހިރާއްޖެ” މިނަމުން އިޝާރާތް ކުރެވޭނީ، “އިސްލާމީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ” އަށް ކަމަށް ލިޔާށެވެ. މިއިސްލާހަކީ، އޭގެވަގުތު އައުމުން، އދ. އަތޮޅުގެ ޚާއްޞަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުށަހަޅާނެ ހުށަހެޅު މެކެވެ. މަޖިލީހުގެ ތަޅުމުގައި އަޑުހަރުކޮށް އުފުލާނެއަޑެކެވެ.

އާދެ! މިމައުޟޫގެ މައްޗަށް އާންމުނަޒަރެއް ހިންގާލެއްވުމުން، މިމަޒުމޫނު ވިދާޅުވާ ބޭފުޅުންގެ ތެރެއިން މަދުބޭފުޅެއްގެ ހިތްޕުޅަށް އަނެއްކާ އަޅުގަނޑު، މިދައްކަނީ ކޮންކަހަލަ ނަޒަރިއްޔާއެއްގެ ވާހަކައެއް ބާވައޭ، ނުވަތަމުޅިން އާވާހަކައެއް ދައްކައި މުޅިން އާއެއްޗެއް އީޖާދުކޮށް ކިޔަންއުޅެނީބާވައޭ، އެރުއްވުން އެކަށީގެންވެއެވެ. ނުވަތަ ލީބިޔާގެ ރައީީސް މުޢައްމަރު ޤައްޒާފީ ފަދަ ބޭފުޅެއްގެ އިސްލާމީ އިޝްތިރާކިއްޔާ، “ފެހިފޮތް” އޮންނަހެން، މުޅިންއާވަށްތަރެއްގެ ނަޒަރިއްޔާއެއްގެ އަޑު، އިސްލާމްދީނު ފުރިހަމަވެފައި ނެތްކަމަށްދެކި، އުފުއްލަނީ ބާވައޭ، ކިޔުންތެރިންގެ ތެރެއިން މަދު ބޭފުޅެއްގެ ހިތްޕުޅަށް، އަރާވަޑައިގެންނެވުމަކީ ދުރުކަމެއްނޫނެވެ. ސަބަބަކީ، އިސްލާމީ ޝަރީޢަތް ޝަރުޢުވެ ފުރިހަމަވެގެން ދިޔައިރުވެސް އިސްލާމީނިޒާމުގެ ތެރޭގައި “ޑިމޮކްރަސީ” ނުވަތަ “ދީމަޤްރާޠިއްޔާ” މިލަފުޒު ވާރިދުވެފައި ވެސް، އަދި ބޭނުންކުރެވިފައި ވެސް ނުވާތީއެވެ. ހުޅަގުގެ މަތީތަޢުލީމީ އިދާރާތަކުން، ފަލްސަފާވެރި ވެގެންނާއި ފަލްސަފާވެރި ނުވެވި، މުރަނގަ މާލިމީކަން، (ރޯނުއެދުރުކަން) ލިބިގަނެގެން ވަޑައިގެން ތިއްބެވި، ބައެއްބޭފުޅުންގެ އަރިހުގައި މިހާރުގެ ތަހުޒީބީ ޑިމޮކްރަސީއަކީ، އިސްލާމްދީނައި އަޅާކެނޑޭނެ އެއްޗެއްނޫނެވެ. މަދުންނަމަވެސް މިފާޑުގެ ލިޔުންތައް، ދިވެހިބަހުން ވެސް ފެނިފައި އެބަހުއްޓެވެ. އެފަދަބޭފުޅުން މާނަކުރާގޮތުގައި ޑިމޮކްރަސީ އަކީ، އަޅުވެތިކަމާއި އަނިޔާވެރިކަން ނައްތާލާ މާފުރިހަމަ ނިޒާމެކެވެ. ދީނައި އަޅުވައިގެން، ޑިމޮކްރަސީގެ ވާހަކައެއް ނުދެއްކޭނެއެވެ. އެއީ މާމަތީ ފަލްސަފާއެކެވެ. މުޢާމަލާތާއި ޢިބާދާތަކީ، ދައުލަތާބެހޭ ކަންކަމެއްނޫނެވެ. ﷲ އާއި މިސްކިތްތަކާބެހޭ ކަންތަކެވެ. މިދެފަރާތައި ގުޅުންހިންގުމަކީ، އެމީހެއްގެ އަމިއްލަ ނަފްސީކަމެކެވެ. ޒާތީކަމެކެވެ. މިޚިޔާލުގެ ބޭފުޅުން، މިމޭރުމުން ދަޢުވާކުރައްވަނީ، އިސްލާމީނިޒާމުގައި ހިމެނޭމަޝްވަރާގެ ނިޒާމު ހަރުދަނާވެފައި، ވަރުގަދަކަމުން އިންސާނުންގެ ދިރިއުޅުމުގެ ނިޒާމު، އިސްލާމްދީނައި ދުރަށް ޖެއްސުމުގެ ބޭނުމުގައެވެ. ޒަމާނީ ލިބަރަލް ޑިމޮކްރަސީއޭ ކިޔައިގެން އަޑުއުފުލަނީ ދީނުން، ދައުލަތް ވަކިކޮށްލުމުގެ ހީލަތްތެރި މަޤްޞަދުގައެވެ. އެހެނަސް ހިތާމައަކީ، ޤަރުނުތަކެއްވީ އިރުވެސް އެބުނާ ޑިމޮކްރަސީއަށް ގޮވާލާއެއްވެސް ޤައުމެއްގައި ފުރިހަމަ ޢަދުލުވެރިކަން ގައިމުކުރެވިފައި ނެތްކަމެވެ. މިއީ އެނިޒާމުގެ ބިންގަލާމެދު، ޝައްކުއުފެދި، ސުވާލުއުފެދުނު އެންމެބޮޑު ސަބަބެވެ. ކަމެއްގެ މައިބިންގަލާމެދު، މިފަދަ ގިނަސުވާލުތަކެއް އުފެދިފައިވާ ނިޒާމެއް، މުޅިދުނިޔެއަށް އާންމު ކުރުމަށްޓަކައި ބާރުލިބިގެންވާ ބޮޑެތި ގައުމުތަކުން، ގަދައަޅައި މަސައްކަތް ކުރާނީ، ބޮޑުއަމާޒެއް އޮތީމާކަން ކަށަވަރެވެ. އުންމީދުތަކެއް ހާސިލްކުރުމަށް ކުރާކަމެއްކަން ކަށަވަރެވެ. ފިސާރިއަކަށް ރާވައިގެން އިސްލާމީ ޖީލުތަކުގެ ފިކުރައި ކުޅެލާނެގޮތްތައް އީޖާދުކޮށް، ހޯދަމުން ގެންދެއެވެ. ގަދަފަދަ ހަނގުރާމަތައް ކުރެއެވެ. ފިނިހަނގުރާތައް ކުރެއެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މަޖުބޫރީހާލަތަށް ގެނުވައި ގައުމުތައް އިނދަޖައްސާ ލައެވެ. ޢަރަބިޤައުުމެއް ކަމުގައިވާ ޢިރާޤަށް ހަދާލިގޮތް ނިކަންބައްލަވާށެވެ. އިސްލާމީ ޤައުމެއް ކަމުގައިވާ އަފްޣާނިސްތާނަށް ހަދާލިގޮތް ނިކަންބައްލަވާށެވެ. ޔޫރަޕްގައި އިސްލާމީ ޢަޤީދާ މުގުރާލުމަށްޓަކައި ބޮސްނިޔާއަށް ހަދާލިގޮތް ނިކަންބައްލަވާށެވެ. އިސްލާމީ ޖުމްހޫރިއްޔާއެއް ކަމުގައިވާ އީރާނާ، ދިމާއަށް ކަޅިއަޅާވަރު ވަޒަންކޮށް ލައްވާށެވެ. މިޞްރާއި ސީރިޔާއާއި ލީބިޔާވަނީ އަމާޒު ފަތްގަނޑަކަށް ހަދާފައެވެ. އީރާރުގެ ނިއުކްލިޔަރ މަރުކަޒުތައް އަޅިޔަށް ހަދާލާނެ ކަމުގެ އިންޒާރުތައް ދެމުންގެންދެއެވެ. މިހުރިހާކަމެއްގެ ޙަޤީޤަތަކީ، އިސްލާމުންގެ ޢަޤީދާއާއި ތައުޙީދު، ނެތިކޮށްލުމެވެ. މިފަދަވަޙުޝީ ނިޒާމެއް ދުނިޔެއަށް ނޭވާލައި އެހާމަޝްހޫރުވެގެން މިއުޅެނީ، ދުއިސައްތަ ވަރަކަށް އަހަރު ވަންދެން ބަޔަކުގަދައަޅައި، ރޭވުންތެރި ކަމާއެކުކުރި، މަސައްކަތް ތަކުގެ ނަތީޖާއެއްގެ ގޮތުގައެވެ. މިގޮތުން ސަތާރަވަނަ ޤަރުނުގައި، އިނގިރޭސިންގެ ތެރެއަށް ގެނައި އިންޤިލާބުގެ އަސްލަކީ މިއެވެ. އަދި އެމެރިކާއަށް، މީލާދީން، 1776 ވަނައަހަރު، އަދި ފުރާންސަށް، 1789 ވަނައަހަރު ޑިމޮކްރަސީގެ އަޑުތައް އުފުލިގެން ދިޔައީ އިންޤިލާބެއްގެ ސިފައިގައި، ހަމަމިގޮތަށެވެ. ކަންމިހެން އޮތްއިރު، ދީނީދަންނަ ބޭކަލުންކަމަށް، ދަޢުވާކުރާބައެއް، “ސިޔާސީ” ޕާޓީތަކަށް ނިސްބަތްވާ، ޢިލްމު ވެރިން ޑިމޮކްރަސީ ސިފަކުރައްވަނީ، ހުޅަގުން އުފަންކޮށްފައިވާ، ބަފައެއްނޭނގޭ ޙަރާމް ދަރިއެއްގެ ގޮތުގައެވެ. ޑިމޮކްރަސީއޭ ބުނުމަކީވެސް ކުފުރުވުން ފަދަކަމެކެވެ. މިއީ ތަންކޮޅެއް ބޮޑުވަރު ކަމުގައި އަޅުގަނޑަށް ދަންނަވަން ޖެހެނީ، ޢިލްމު އުނގެނުމަކީ، ކަނޑާއި ބިމާއި ޖައްވާއި މުޅިކާއިނާތުގައި ހެއްދެވިހުރިހާ ތަކެއްޗައި ދިމާއަށް ހުޅުވާލެވިފައިވާ ދޮރަކަށްވާތީއެވެ. އުނގެނުމަށް އެއްވެސް ހުރަހެއްނެތެވެ. އެއްވެސް ޙައްދެއްނެތި އޮތީހުޅުވާލެވިފައެވެ. ތަންދޮރު ދަންނަމީހަކަށް ވިއްޔައި އޮންނަނީ، ދަންނަމިންވަރު މަދުކަމުން ލަދުވެތިވާ ހިސާބުގައިއެވެ. އާދަމުގެފާނު އުފެއްދެވުމަށްފަހު، ﷲ ވަނީ، އުނގެނުމުގެ ދޮރުތައް އެއްކޮށް ހުޅުވާލައްވައި ދޫކޮށްލައްވާފައެވެ. ޢިލްމިހޯދައި އުގެނެންވީއެވެ. ފަހެ ޢިލްމަކީ، އެފަދައެއްޗެކެވެ. ޙަޤީޤީ ޢިލްމުވެރިއެއްގެ ހިތަށް އަބަދުވެސް އަރާނީ، އޭނާއަށް އެނގިފައިވާ މިންވަރުގެ މަދުކަމެވެ. ބަލައިލާ ކޮންމެ ދިމާއަކުންވެސް ނޭނގޭއެތައް އެއްޗެއް، އެތައްކަމެއް އޮޅުންފިލުވަން ބޭނުންވެފައި ވާކަމެވެ. މިއީ، މިކާއިނާތުގައި، ﷲ ލައްވާފައިވާ ޢިލްމުގެ ފުޅާކަމެވެ. ޢިލްމަކީ، އުނގެނުމަށް ގަދައަޅާ މަސައްކަތްކުރި ވަރަކަށްފުޅާވެ އިތުރުވެގެން ދާނެ، ނިމުމެއްނެތް، އިލާހީ ނިޢުމަތެކެވެ.

ފަހެ، ދަންނާށެވެ! މިހިރަ، މިހިރަނުކުތާ ތަކަކީ، ހައްތާވެސް މިމައުޟޫޢާމެދު، ސުވާލު ތަކެއް އުފެދުން އެކަށީގެންވާ ނުކުތާތަކެވެ. މީގެއިތުރުންވެސް، ކިޔުންތެރިންގެ ތެރެއިންބޭފުޅެއްގެ ހިތްޕުޅުގައި، މިމަޒުމޫނާ ދޭތެރޭގައި އިތުރު ޚިޔާލެއް އުފެދުމަކީ، އެކަށީގެންވާ ކަމެކެވެ. ހުޅަގުގެ ޑިމޮކްރަސީއަށް އިސްލާމީ ފޭރާމެއް ލައްވާއި ޒީނަތްތެރިކުރުވަން މަސައްކަތްކުރަނީ، ކީއްވެތޯ ސުވާލުއުފައްދަވާ ފާނެއެވެ. މިއީ ނުވާނެކަމެކޭ، އެއް ގޮތަކަށްވެސް ދަންނަވާކަށް ނެތީމެވެ.

އާދެ! ޝައްކެއްނެތެވެ! އިސްލާމީ ޝަރުޢީ ނިޒާމުގައި އަލްދީމަޤްރާޠިއްޔާ، އަލްއިޝްތިރާކިއްޔާ، އަލްރައުސުމާލިއްޔާ، އަލްމާރކިސިއްޔާ، މިފަދަ ލަފުޒުތަކެއް ބޭނުންކެރެވި ފައެއްނެތެވެ. މިފަދަ ނަޒަރިއްޔާތަކަކީ، އިސްލާމްދީނާއި އިސްލާމީ ޝަރީޢަތުން އެނަޒަރިއްޔާ އެއްގެ ބާނީއަށް، ކަމުދިޔަ ބައެއްގައި ހިފައިގެން އަމިއްލަ ފަލްސަފާތަކެއްގެ މައްޗަށް ބިނާކުރައްވައިގެން އުފައްދާފައިހުރި ތަފާތު ވަށްތަރު، ވަށްތަރުގެ ނަކަލީ ނަޒަރިއްޔާތަކެވެ. ފެންނަމުންނާއި ދިމާވަމުންނާއި ކުރިމަތިވަމުން ދިޔަ ޙަޤީޤީ ވާޤިޢާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިހުރި ފަލްސަވީ ވައްތަރުތަކެވެ. އެއްގޮތަކަށް ވެސް އެކަމާ، އަޅުގަނޑު ދެކޮޅެއް ނުހަދަމެވެ. އަޅުގަނޑު ޤަބޫލްކުރާ ގޮތަކީވެސް އެއީއެވެ. އަޅުގަނޑުގެ ބަހުސަކީ، އިސްލާމީނިޒާމުގެ އަސްލުތަކާއި އުސޫލުތަކުގައި، ތަޢާރުޟު ނުވާގޮތަށް މިއިންކޮންމެ ފަލްސަފާއެއްގައި ވެސް ހިފައި، ޢިލްމީ ފެންވަރެއްގައި ޤަބޫލުކޮށް، ބަލައިގަނެވިދާނެ ވާހަކައެވެ. “ދިވެހިރާއްޖޭގެ އިސްލާމީ ޑިމޮކްރަސީ ޖުމްހޫރިއްޔާ” އެއްގެ ނަމުގައި “އިސްލާމީ ދިވެހިދައުލަތެއް” އުފެއްދި ދާނެވާހަކައެވެ. ބިނާކުރެވި ދާނެއެވެ. އޭރުން ދިވެހިދައުލަތުގެ ނިޝާނުގައި ޢަރަބި ބަހުންލިޔެފައި އޮންނަ، “އައްދައުލަތުލް މަޙަލްދީބިއްޔާ” ލިޔަންޖެހޭނީ، ދިވެހިބަހުން “އިސްލާމީ ދިވެހިދައުލަތް” މިގޮތަށެވެ. ރައްޔިތުން މަޖިލީހުގެ ނިޝާން ބަދަލުކޮށް، ތިންތަރިޔާއެކު ވަށްބުރަކަށް ބަދަލު ކުރެއްވުމުގެ ޝަރަފު ރައީސް މައުމޫނު އަމިއްލަފުޅަށް ލިބިގަތްއިރު، ދައުލަތުގެ ނިޝާނަށް، މިފަދަ ބަދަލެއް ގެންނަވަން ކެރިވަޑައި ނުގަތީ ކީއްވެބާވައޭ އަޅުގަނޑު ހިތަށްއަރައެވެ!!

ޖުމްހޫރިއްޔަތާއި އެއްޕާޓީ އަށްވުރެގިނަ ސިޔާސީޕާޓީ:

ދުނިޔޭގައި އެންމެ ގަދަޔަށް އިވެމުންދާ އަޑަކީ، ޖުމްހޫރީވެރިކަމުގެ އަޑެވެ. ޒަމާންވީ، ވިރާސީވެރި ކަންތައްދަނީ އުވެމުންނެވެ. ފަނާވަމުންނެވެ. ދިވެހި ރާއްޖޭގައި ވެސް މިދުވަސްވަރު އެންމެގަދަ އަޑަކީ، ފުރިހަމަ ޖުމްހޫރީ ވެރިކަމެއްގެއަޑެވެ. ވެރިކަން ކުރުމުގައި ބޭނުންކުރާނެ ނިޒާމެއް ހޯދުމުގެ ނުވަތަ ޚިޔާރުކުރުމުގެ އަޑެވެ. އެއްޕާޓީ އަށްވުރެގިނަ ސިޔާސީޕާޓީ އެކުލެވޭ ޒަމާނީ ލިބަރަލް ޑިމޮކްރަސީ އެއްގެ އަޑެވެ. ފަހެ، ދަންނާށެވެ! ޖުމްހޫރީ ވެރިކަމެއްގެ އަސްލަކީ އެއްޕާޓީ އަށްވެރެގިނަ ސިޔާސީޕާޓީ ތަކަށް މިނިވަން ކަމާއެކު، ޙަރަކާތްތެރި ވެވޭނެ ސިޔާސީ ނިޒާމެއްގެ ޑިމޮކްރަސީއެއް ގައިމުވެފައި އޮތުމެވެ. ޕާޓީސިސްޓަމް ސިޔާސަތަކީ، އެންމެ ފުރިހަމަ ޒަމާނީ ޑިމޮކްރަސީ ނިޒާމެއް، ގައިމުވެފައި އޮތުމެވެ. އިސްލާމީ ތަހުޒީބާގުޅޭ ޒަމާނީ ޑިމޮކްރަސީ އަކީ، ޖުމްހޫރިއްޔަތުގެ ބިންގަލެވެ. ދިވެހީންނާއި ދިވެހީންގެ ޤާނޫނުއަސާސީގެ، އަދި ދިވެހިދައުލަތުގެ ޖުމްހޫރިއްޔާގެ އަސްލަކީ، އަދި ސިޔާދަތަކީ، އިސްލާމް ދީނުކަން އަބަދުވެސް ހަދާންކުރަން ޖެހޭނެއެވެ. ފަހެ، ދިވެހީންނަކީ، ސައްތައިން ސައްތަ އިސްލާމުންނަށް ވާތީއެވެ. ދިވެހީންނަކީ، އިލާހީދީނެއް ލިބިގެންތިބި ބައެކެވެ. އެހެންވުމުން ހުރިހާ ކަމެއްގެ ބިންގަލަކީ އިސްލާމް ދީނެވެ. ދެވަނަ އެހެން ޢަޤީދާއެއް ނޫނެވެ.

އާދެ! އިދިކޮޅު ޚިޔާލަށް ޖާގަނުލިބޭ ޖުމްހޫރިއްޔަތަކީ، އެއްވެސް ވަށްތަރެއްގެ ޑިމޮކްރަސީއެއް ކަމަށް، ބެލެވޭކަށް ނެތެވެ. ޑިމޮކްރަސީ ވެރިކަމެއްގެ ފުރަތަމަ އަދި އެންމެއިސް ރުކުނަކީ، އެއްޕާޓީ އަށްވުރެ ގިނަސިޔާސީޕާޓީ، ސިޔާސީ މައިދާނުގައި މިނިވަން ކަމާއެކު، ޙަރަކާތް ތެރިވެވޭނެ ގޮތަށް، މިނިވަންކޮށް ހުޅުވިފައި އޮތުމެވެ. އެރުކުނުގައި ރެނދުއަޅާއި މުގުރިފައި ވާނަމަ، ޖުމްހޫރިއްޔަތުގެ ބޭނުން ރައްޔިތުންނަށް ކެނޑުނީއެވެ. ފަހެ، ރުކުންތައް ފުރިހަމަނުވެ، ބިނާ ފުރިހަމައެއް ނުވާނެއެވެ. ހަމައެކަނި ވެރިކަންކުރާޕާޓީ އަތުގައި ހުރިހާބާރެއް އޮތުމަކުން ޑިމޮކްރަސީ ފުރިހަމަވީ ކަމަކަށް ނުވާނެއެވެ. އަދި އޭރުން ޑިމޮކްރަސީގެ ބިންގާ ކަމުގައިވާ، މަޝްވަރާގެ ދޮރެއް ނުހުޅުވެއެވެ. މަޝްވަރާ ނެތިއްޖެނަމަ، މަލްޓިޕާޓީ ޑިމޮކްރަސީ މުގުރާ ލެވުނީއެވެ. ރުކުންތައް ނެތިކޮށް ލެވުނީއެވެ. ބިންގާ ފުރިހަމަ ނުވީއެވެ. ބިނާ މުގުރާލެވުނީއެވެ. ފުރިހަމަ ސިޔާސީ ނިޒާމަކަށްވެސް ނުވީއެވެ. ގޮށްމުށުގެ އިސްތިބްދާދީ ބާރަކަށް ބަދަލުވެ ނިމުނީއެވެ. މަދީނާމުނައްވަރާގައި އުފެދުނު އިސްލާމީ ދައުލަތުގައި ވަރަށް ފުރިހަމަކޮށް އިދިކޮޅު ވިސްނުމާއި ޚިޔާލަށްއޮތީ ދޮރުހުޅުވިފައެވެ. އިދިކޮަޅުހެދުމުގެ ދޮރުވަނީ މިނިވަން ކަމާއެކު، އެއްވެސް ހުރަހެއްނެތި ހުޅުވާލެވިފައެވެ. އިސްލާމްދީނާ ޚިލާފު ކަންތައްތަކުން ޤައުމު ޙިމާޔަތް ކުރުމަކީ، މުސްލިމުންނަށް ވާޖިބުކަމެކެވެ. ކޮންމެހެންވެސް ކުރަން ޖެހޭނެކަމެކެވެ. މިކަން ކުރެވެން އޮތީ، ޕާޓީސިސްޓަމް ސިޔާސަތުގެ ތެރެއިންނަމަ، ދީން ޙިމާޔަތް ކުރުމަށް ސިޔާސީޕާޓީ ހަދައި، ވެރިކަންކުރާ ޕާޓީއަށް، ޚިޔާލުދީ މަޝްވަރާ އެރުވުމަކީ، ކަނޑައެޅިގެން އިސްލާމުންނަށް ކުރުންވާޖިބު ވެގެންވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި އެމަޝްވަރާއަށް އިޙްތިރާމްކޮށް ޢަމަލީގޮތުން ބަލައި ގަތުމަކީ، ވެރިކަމުގައި އޮންނަޕާޓީއަށް ވާޖިބުކަމެކެވެ. ކޮންމެހެން ކުރަންޖެހޭނެ ލާޒިމުވެގެންވާ ކަމެކެވެ. ދެފަރާތުން ވެސް މިވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވެން ޖެހޭނެއެވެ. މިކަން ޢަމަލީގޮތުން ކުރެވެންއޮތީ، ސިޔާސީޕާޓީތައް ވުޖޫދަށް ގެނެސްގެން ކަމަށްވަނީނަމަ، ސިޔާސީޕާޓީއެއް އުފެއްދުމަކީ، ކަނޑައެޅިގެން ވާޖިބުވާނެ ޢަމަލެކެވެ. ވެރިކަމުގައި ހުންނަމީހާ ތެދުމަގުގައި ބެހެއްޓުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަން ޖެހޭނެއެވެ. ވެރިމީހާއަށް ހެޔޮލަފާއަރުވާ މީހަކީ، ދުޝްމަނެއް ކަމުގައި ދެކުމަކީ ވެރިމީހާގެ ހަލާކެވެ. އެއްގޮތަކަށް ވެސް ރައްޔިތުން ހަމަހިމޭން ކަންމަތީ މަޑުމައިތިރިކޮށް، ތިބެގެން ނުވާނެއެވެ. ޖުމްހޫރިއްޔަތު ދެމެހެއްޓުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއްކޮށް، ބައިވެރިވުން ލާޒިމުވާނެއެވެ. އުންމަތް ކުރިއެރުވުމާއި ތަރައްޤީކުރުމަކީ، އެންމެންގެ އެއްބާރުލުން ލިބެންޖެހޭނެ ކަމެކެވެ. ޤައުމީ މަޞްލަޙަތަށް ޓަކައެވެ.

އަޅުގަނޑު މެންގެ ރާއްޖެއަކީ، ތާރީޚުއެގެން ފެށީއްސުރެ، ވިރާސީ އިންތިޚާބީ ރަސްކަމެއް ހިންގަމުންއައި ރާއްޖެއެކެވެ. އެހެންވުމާއެކު، އަމިއްލަ ޚުދުމުޚްތާރު ޝަޚްޞީ ވެރިކަމެއްގައި ހުންނަ ގިނަސިފަތައް އަޅުގަނޑުމެން ތަޖުރިބާކޮށްފައިވާ، ދިގުރަސް ކަމުގައިވެސް، ވަރަށް ޗާލުކޮށް އެކުލެވިފައި އޮތެވެ. ޚުދުމުޚްތާރު، އަމިއްލަވަންތަ ޝަޚްޞީ ވެރިކަމެއްގެ އެންމެމުހިންމު، އަދި އެންމެއިސް ރުކުނަކީ، ރަސްކަލަކަށް ލިބިފައި އޮންނަ އާދަޔާޚިލާފު މަތިވެރި ދަރަޖައެވެ. ގަދަފަދަ ނުފޫޒައި ބާރެވެ. ދެވަނަރުކުނަކީ، ލޮބުވެތި ރައްޔިތުންނަކީ، ރަސްގެފާނުގެ އަޅުންގެގޮތުގައި ބަލާބެލުމެވެ. ރަސްގެފާނަކީ، ހުރިހާ އެއްޗަކަށް ވެފައި އޮންނައޮތުމެވެ. ރާއްޖޭގައި ލިޔެފައިހުރި ތާރީޚުފޮތް ތަކުން، މިކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. “ގޭ ވޮނަ ދޮނަ ރާއްޖޭގެ އަޅުތަކުން” މިފަދަ އެތައް ޢިބާރާތްތަކެއް ވެރިކަމުގެ ދީވާނުން ބޭނުން ކުރައްވާފައި އެބަހުއްޓެވެ. ރައްޔިތުން ތިބެނީ ހަމަރުހިގެންނެވެ. ރަސްގެފާނުދެކެ ލޯބިންނެވެ. ހަމައެފަދައިން ރަސްގެފާނުގެ މާތްކަމާއި އުފުލިގެންވާ ހައިބަތުގެ ރަމްޒަކީ، ބާރުވެރިކަމާއި މުދާވެރިކަން ކަމުގައި، ބެއްލެވުމާއި، ދައުލަތުގެ ޚަޒާނާއަކީ، ރަސްގެފާނުގެ އަމިއްލަފުޅު މިލްކުގައިވާ އެއްޗެއް ކަމުގައި ހިމެނިފައި އޮތުމާއި، ބޮޑެތި ސިޔާސީ ޤަތުލުތައް އެތެރެކޮއިލުގައި އަމިއްލަ ބޭނުމަށް ހިންގުމާއި، ރޭވިގެން ހިންގަވާ، ސިޔާސީރިޝްވަތު ތަކާއި ބޮޑެތިލޯނުތައް، ހޮވާލެވޭ ވަކިފަރާތްތަކަށް ދިނުމާއި އާދޭސް ދަންނަވައި ކިޔަމަންތެރިވެ، ކުރުނީސްކުރާ ފަރާތްތަކަށް އެދޭހާކަމެއް ހަމަޖެހިގެން ދިއުމާއި، ރައްޔިތުންގެ ފަރާތުންހުށަހަޅާ ޝަކުވާތަކުގެ ޙުތްޖަތްތަކާއި ދަލީލުތަކަށްދެވޭ ބީރުކަންފަތަކީ، ބާރުގެ ބޭނުންހިފުން ކަމުގައި ހިމެނިފައިވުމެވެ. ޙަރުބީންނާއި ފުލުހުންގެ ލަޝްކަރު ނުކުމެ ރައްޔިތުންގެ ކިބައިން އުތުރިއަރާއި ފާޅުކުރެ ވެމުންދާ އެދުންތައް، އޮއްބާލާއި ފުނޑާލައެވެ. ނޭނގޭގޮތަށް އަނިޔާކުރެއެވެ. އަދި މިނޫންވެސް ޚުދުމުޚްތާރު، ޝަޚްޞީ ވެރިކަމެއްގައި ހިމެނޭ، މިފަދަހުރިހާ ރުކުންތަކެއް އަޅުގަނޑުމެން، ދިވެހީންގެ ވެރިކަމުގައި ވެސް އެކުލެވިފައި ހުއްޓެވެ. ރަސްކަމަކުން، ޖުމްހޫރީ ވެރިކަމަކަށް، ނަންބަދަލުވި ކަމުގައިވިޔަސް، ވެރިކަން ކުރުމުގެ ގޮތްތަކާއި ބާރުތައް، އަދިއަދައި ހަމައަށްވެސް، މިއޮތީ ހަމައެގޮތާއި އެފާޑުގައެވެ. ތަފާތެއް ނުފެނެއެވެ. ނުވެސްއާދެއެވެ. ރާއްޖޭގެ، އަދުގެ ސިޔާސީ މަސްރަޙުން ފެންނަމުން، އަދި ތަޖުރިބާ ކުރެވެމުންވެސް މިދަނީ، ދާދިއެއްގޮތް ތަކެކެވެ. އާންމު ދިވެހިންނަށް ކިޔަންނޭގޭހާ، ފާޑުފާޑުގެ ނަންނަމަށް ހިންގުމުގެ އިދާރާތަކާއި ކަންތައްތައް ބަދަލުކުރެއެވެ. އާދަޔާ ޚިލާފު އިސްތިރާތީޖީ ޔުނިޓުތައް އުފައްދަވައި، ބޭރުފަރާތް ތަކުގެ  އެހީއާއި ލަފާހޯއްދަވަނީ، ހަމައެކަނި އިދާރީ ހިންގުމުގެގޮތުން އެކަންޏެއްނޫނެވެ. ރައްޔިތުންގެ ވިންދުތަކާއި ޝުޢޫރުތައް، މައިތިރިކޮށް އޮބެހެއްޓުމުގެ ލަފާތައް ހޯއްދަވަމުން ގެންދަވަނީ، ދައުލަތުގެ ފައިސާ ޚަރަދުކޮށްގެނެވެ. ރައީސް މައުމޫނު، 2006 ވަނަ އަހަރު، އެކަށައެޅުއްވި ޚާއްޞަ މަޖިލީހުގެ ކަންތައްތަކުން ވެސް ފެނިގެންދަނީ، އެފަދަ މަންޒަރުތަކެވެ. ރާއްޖޭގެ އަސާސީ ބުނާގޮތުން، ބޮޑުމަޖިލިސް އުފެއްދެވުމަށް ފަހު، އެމަޖިލީހަކީ ރައީސަށް، ބާރުހިންގޭނެ ތަނަކަށް ނުވެއެވެ. އެހެނަސް އެކިގޮތްގޮތުން އެތަޅުމަށް ވެސް، ގެންދަވަނީ ނުފޫޒާއިބާރު ހިންގަވަ މުންނެވެ. ބޮޑުމަޖިލީހުގެ ރައީސާއި ރައީސްގެ ނާއިބަކު، ހޮވުމުގެ ކަންތަކުގެ ތެރެއަށް ނުސީދާކޮށް ވެންނެވިއެވެ. ނުފޫޒުގެ ބޭނުންކުރެއްވި އެވެ. މަޖިލީހުގައި އެދުވަސްވަރު މެންބަރުން ދަށްކަވާފައިހުރި ވާހަކަފުޅުތަކުން އެކަންސާބިތު ވެއެވެ. ޔައުމިއްޔާ ތަކުގައި ފެންނަން އެބަހުއްޓެވެ. އަސާސީ އަވަސްކުރުމުގެ ބަހަނާގައި އެކިއެކި މަޅިތައް ގެންދެވީ، ޖައްސަވަމުން ނެވެ. އެންމެ ފުރަތަމަ ޖެއްސެވިމަޅިން ސަލާމަތް ނުވެވިގެން އުޅެނިކޮށް، އަނެއްކާ އަސާސީ އަވަސްކޮށް ދިނުންއެދި، ކަމާނުބެހޭ ބަޔަކާއެކު، ވާހަކަތައް ފެށުމަށް ގޮވާލެއްވީއެވެ. އަމިއްލަފުޅު ސިޓީތަކެއް ފޮނުއްވައި ގެންނެވެ. އަދި މިއޮތްގޮތުން ސިޔާސީދެޕާޓީ އަކުން، ނުވަތަ އެއަށްވުރެ ގިނަބަޔަކު އެއްވިޔަސް، އަސާސީ އަވަސްކުރުމަށް އެއްވެސް ކަމެއްކޮށެއް ނުދެވޭނެއެވެ. ޑީއާރުޕީއާއި އެމްޑީޕީން، ރައީސް މައުމޫނު ވިދާޅުވެގެންނޭ ކިޔާފައި އަސާސީއަވަސް ކޮށްދޭނެގޮތެއް، އަދިއެއް ހަމަޖެހިފައެއް ނެތެވެ. މިއީ ބޮޑުރޭވުމެކެވެ. އޮޅުވާލުމެކެވެ. ކަނޑައެޅިގެން ލަސްކުރުމެވެ. ޔަހޫދީން ގެންގުޅޭކަހަލަ އޮޅުވާލުމުގެ ސިއްރު އެޖެންޑާއެކެވެ. އިނގިރޭސިން މެދުވެރިކޮށް ގެންވެސް މީގެމަޅިއެއް، ނިއުމޯލްޑިވްސް އަށް، ނިސްބަތްވާ މިނިސްޓަރުން ކޮޅެއްލައްވާ ވެސް، ޖައްސުވައިފިއެވެ. އެކަމުންވެސް އަޞްލު މަސައްކަތަށް އެއްވެސް މިންވަރެއްގެ ފައިދާއެއް ނުކުރެއެވެ. ކުރިފައިދާއެއް ވިއްޔާކުރީ، ސަރުކާރުހިންގާ ފަރާތަށެވެ. ސީދާވެރިމީހާ އަށެވެ. ރައީސްކަންކުރާ މީހާއަށެވެ. ރައްޔިތާއަކަށް ނޫނެވެ.

ދެފަހަރެއްގެ މަތިން ވަރަށްމަތީ ޕަސެންޓަކުން ރާއްޖޭގައި ވެރިކަން އޮންނަން ޖެހޭނީ، “ޖުމްހޫރީ ވެރިކަމުގެނިޒާމެއް” ގެދަށުންކަން ނިންމާފައި ވަނިކޮށް، އަނެއްކާ ވެސް ރައްޔިތުންގެ އާންމު ޚިޔާލެއް، ހޯދުމަށް ޖައްސުވައިފިއެވެ. މަޖްބޫރު ކުރުވައިފިއެވެ. އާދެ! އެއީ ކުރަންނުޖެހޭ ކަމެއް، ބޮޑުމަޖިލީހުގެ ރިޔާސަތުން ފާސްކޮށްގެން ގާނޫނުއަސާސީ ލަސްކުރުމަށް ކުރުވިކަމެކެވެ. ވަކިބަޔަކީ، ރައްޔިތުންގެ ބައެއްކަމުގައި ދެއްކުމަށް ހިންގުނު ކަމެކެވެ. އެހެނަސް ކަމަކުން ހެދުނީ ގޯހެއްކަމުގައި މިހާރުވަނީ ބެލެވިފައެވެ. ބޮޑުމަޖިލީހުގެ ރައީސް މާލޭގައި ހެޔޮޙާލު ކޮޅުގައި ހުންނަވާމެ، ރިޔާސަތަށް ނާއިބުރައީސް އަލްއުސްތާޒު ޝާހީނު ޙަމީދު އެބަ އަރުއްވައެވެ. ހަމަކުޅުއްވަނީ، އެއްކުޅިއެކެވެ. މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ތަޅުމުގައި އިންނައިރު، މިއީ ކޮންކަހަލަ އަރަތެއްބާވައޭ، އަޅުގަނޑުހިތަށް އަރައެވެ. ޖުމްހޫރީ ވެރިކަމެއްގެ ތެރޭގައިތިބެ، ޖުމްހޫރީ ވެރިކަމެއް ހިންގުމުގެ ވައްތަރަކީ، ކޮބައިތޯ ހޯދައިބަލަން މިޖެހުނީ، އާންމު ރައްޔިތުންނަށެވެ. ރައްޔިތުންނާ ހަމައަށް ގެންގޮސްގެން އާންމު ޚިޔާލެއް ހޯދުމުގެ ވޯޓެއްނެގުމުގައި އެތައްދުވަސް ތަކެއްބޭކާރުކޮށް، ނަގާލަންވީއެވެ. ރައްޔިތުންނަށް ވާނުވާއެއް އިނގެނީކީ ނޫނެވެ. އަދި އަންގަނީކީ ވެސް ނޫނެވެ. ޤައުމީޓީވީ އާއި ރޭޑިއޯ ނަމަކަށް ހުރެއެވެ. ރައްޔިތުންގެ ޚިޔާލުހޯދުމުގެ މިވޯޓަކީ، އެއްގޮތަކަށް ވެސް ނަގަންޖެހޭ ވޯޓެއްނޫނެވެ. ރައްޔިތުންނަށް އެއީ ކޯޗެއްކަންނޭގި ތިބެވޯޓުދިނުމަކީ، މޮޔަކަމެކެވެ. އާދެ! ވޯޓުނެގުމުގެ މިކަންތައް ގަނޑުގެ ބޭނުމަކީ، ބޮޑުމަޖިލީހުގެ މަސައްކަތް ލަސްކުރުމާއި ވެރިކަމުގެ ފަރާތުން ބޭނުންވާ ސިޔާސީ މަޤްޞަދު ތަކެއްގެ އަމާޒަށް ވާސިލުވުމަށް، ހިންގަން ބޭނުންވާ މުހިންމު ކަންތައްތައް ރާވާއި ހިންދަމާލުމަށް ޓަކައި، ފުރުޞަތު ހޯދުމެވެ. މިއީ ރައްޔިތުންނާ ހަމައަށް ގެންގޮސްގެން، ޚިޔާލު ހޯދަން ޖެހޭވޯޓެއްނޫނޭ މިދަންނަވަނީ، ދެފަހަރެއްގެ މަތިން، އާދެ! ފުރަތަމަ ފަހަރަށް، ޖުމްހޫރިއްޔަތަށް ދިވެހިން ދިޔަވަޤުތާއި، ދެވަނަފަހަރަށް ޖުމްހޫރިއްޔަތަށް ދިވެހިން ދިޔަވަޤުތު، ޖުމްހޫރީ ވެރިކަމެއް ދިވެހިރާއްޖޭގައި އޮތުމަށް ފެނޭތޯ ދިވެހީންގެ އާންބަސް، ދީފައިވާތީއެވެ. ރިޔާސީ ވަށްތަރަށްތޯ ނުވަތަ ބަރުލަމާނީ ވަށްތަރުތޯ ވެރިކަންކުރާނީ ބެލުމަކީ، ރައްޔިތުންގެ އާންބަސް ހޯދަންޖެހޭ ވަރުގެ މުހިންމު ކަމެއްނޫނެވެ. ވެރިކަމުގެ މިވަށްތަރު ތަކަކީ، ޖުމްހޫރީ ވެރިކަމުގެ ތެރޭގައި ހިމެނޭ އެކިއެކި ކަފިތަކަށް ވާތީއެވެ. ގާނޫނު އަސާސީ ނިމުމުން، މުޅިއަސާސީއަށް އާންމު ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓެއްނެގި ދާނެއެވެ. މިއީ މުހިންމުވެފައި މާމަޢުނަވީ ގޮތެކެވެ. ކަމުގެރޫޙު އާލާވާނެ ކަމެކެވެ. އެންމެ ރަނގަޅުގޮތަކީ ވެސް މިއެވެ. ވަކިވަކިން ކޮންމެކަމަކަށް އާންމުންގެ ޚިޔާލުހޯދުމަކީ، ސީދާލަސް ކުރުމެވެ. ޖުމްހޫރީވެރި ކަމެއްގައި މާގިނަވަށް ތަރުތަކެއް ނޯންނާނެއެވެ. އެއީ އެންމެންވެސް ދަންނަ ކަމެކެވެ. ޢިލްމީ ފެންވަރުގައި ސާބިތުވެފައިވާ ކަމެކެވެ. މިދަންނަވާ ތިންގޮތުންކުރެ ގޮތަކަށްނޫނީ ޖުމްހޫރީ ވެރިކަމެއް ނުހިންގޭނެއެވެ. މިތިންވަށްތަރަކީ، ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމާއި މިދެނިޒާމުގެ މަސްހުނި ނިޒާމެވެ. މިތިން ވަށްތަރުން ކުރެއެއްވެސް ނިޒާމަކީ، ލިޔެވިގެން ވަކިގޮތަކަށް ރޭވިގެން ހުރިހާ ތަނެއްގައި އެއްގޮތަކަށް ހިންގޭނެ ނިޒާމުތަކެއް ނޫނެވެ. އެކިޤައުމުގައި އެކިގޮތަށް ހިންގަމުންގެންދާ ނިޒާމުތަކެވެ. މިއީ ޖުމްހޫރީ ވެރިކަމުގެ ވަށްތަރުތަކެވެ. ޖުމްހޫރިއްޔަތުގެ ލައްޒަތާއި ފޯރިގަނޑު ފެނިގެންދާ ގޮތްތަކެވެ. ކޮންމެ ވަށްތަރަކަށް، ވެރިކަން ހިންގުމުގެ ނިޒާމު، ގެންގުޅުނަސް ވެގެންދާނީ، ހަމަޖުމްހޫރީ ވެރިކަމަކަށެވެ. ރަސްކަމަކަށް ބަދަލުވެގެނެއް ނުދާނެއެވެ. ވީމާ ވަޤުތުނަގާ ލުމަށާއި ވެރިކަމުގައި ތިބިމީހުންގެ ސިޔާސީ މަޤްޞަދުތައް އިތުރަށް ޙާޞިލު ކުރުމަށް، އިތުރު ފުރުޞަތުތައް ހޯދުމަށްޓަކައި މިމައްސަލަ ރައްޔިތުންނައި ހަމައަށް، ރައްޔިތުންގެ އާންމުޚިޔާލެއް ހޯދުމުގެ ބަހަނާގައި، ގެންދިއުމުގެ އެއްވެސް ބޭނުމެއް އޮތްކަމަކަށް އަޅުގަނޑު ނުދެކެމެވެ. ބޮޑުމަޖިލީހުގެ ތަޅުމުގައި މިވަށްތަރުގެ ކޮންމެ މައްސަލައެއްގެ ހައްލެއްހޯދައި ނިމެންދެން ބަހުސްކޮށް، މަޖިލީހުގެ ވޯޓުން ގޮތެއްނިންމި ދާނެއެވެ. ނަތީޖާއެއް ހޯދިދާނެއެވެ. އޭރުން ހަމަޤައިމު ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގެންދިއުމަށް ވުރެ، އަވަސް ވާނެކަން ޔަޤީނެވެ. ޖުމްހޫރީވެރި ކަމެއްގެ ތެރޭގައިތިބެ، ވަޤުތު ނަގާލުމުގެ ބޭނުމުގައި ރައްޔިތުންގެ ބަހެއްހޯދާކަށް ނުޖެހެއެވެ. މިވޯޓު މިގޮތަށް ނަގަންޖެހޭ ނަމަ، ބަހުސް ކުރެވޭކޮންމެ މައްސަލައެއް ގައިވެސް ފަހުނިންމުން ނިންމަންޖެހޭނީ، ސީދާ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓަކަށް ގެންގޮސް ގެންނެވެ. އަސާސީގައި އިސްލާހުކުރަންހުރި މައްސަލަތަކަކީ، އެއްފެންވަރެއްގެ، އެއްހަމައެއް ގައިހުރިގިނަ މައްސަލަތަކެކެވެ. އޭގެތެރެއިން ވަކިކަންތަކެއް ޚާއްޞަކޮށްގެން ރައްޔިތުންނާ ހަމައަށް ގެންދިއުމުން، ބޮޑުމަޖިލީހަކީ، ފަހުބަސްބުނެވޭ ފެންވަރުގެތާކަށް ނުވީއެވެ. ބޮޑުޚަރަދުކޮށް ބޮޑުމަޖިލީހެއް ރައްޔިތުން ލައްވައި ހޮވުމުގެ މަޤްޞަދަކީ، އެމަޖިލީހަށް އެންމެފަހު ބަސް ބުނުމުގެ ހުރިހާ އިޚްތިޔާރާއި ބާރުދިނުމެވެ. އެހެނަސް މިހާރުވެގެން މިދަނީ، އެހެންގޮތަކަށް ކުޅެންއުޅޭ ސިޔާސީ ކުޅިވަރަކަށެވެ. މިއީ ނުބައި ރޭވުމެއްގެ މަޅިއެއްގައިޖެހި ތާށިވެގެންތިބެ ވެރިކަންކުރާ ފަރާތަށް މަގުފަހި ކޮށްދިނުމެވެ. ފުރުޞަތުތައް އިތުރަށް ދިނުމެވެ. ރައީސްމައުމޫނު ލައްވާ އަކުންބަކުން ކުޅުވުމެވެ. މިކަމުން އެންމެބޮޑަށް ޙާޞިލް ކުރާކަމަކީ، ޖަލްސާ ތަކުގައި މެންބަރުންނަށް އިދިކޮޅަށް ޚިޔާލު ފާޅުކުރުމަށް ފުރުޞަތު ހޯދުމުގެ ޖާގަ ނުދިނުމެވެ. އަދި، ޑީއާރުޕީއަކީ، ގާނޫނީގޮތުން ވެރިކަންކުރާޕާޓީ ކަމުގައި، މުޅިދުނިޔެއަށް ސާބިތުކޮށް ދިނުމެވެ. މިކަމުގެ އިޢްތިރާފު އެމްޑީޕީގެ ޢަމަލުތަކުން ދަށްކުވަނީއެވެ. މިއީ އިސްރާއީލުގައި ޔަހޫދީން، ޙަމާސް ޖަމާޢަތުގެ މީހުންލައްވާ، އިސްރާއީލީ ދައުލަތް ޤަބޫލުކުރުވަންކުރާ މަސައްކަތްތައް ފަދައިން، ދިވެހިސަރުކާރުން، އިދިކޮޅު އެންމެބޮޑު ޕާޓީލައްވާ ކުރުވާ މަސައްކަތެކެވެ. އެމްޑީޕީ ތަންކޮޅެއް ބޮޑަށް ސިޔާސީ ގޮތުން ހޭއަރަން ވެއްޖެއެވެ.

ފަހެ، ދަންނާށެވެ! ދިވެހިރާއްޖޭގައި ވެރިކަން، ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ، މީލާދީން، 1215 ވަނަ އަހަރު، އިނގިރޭސި ރާޖާއެއްކަމުގައިވާ ކިންގް ޖޯން، އިނގިރޭސި ވިލާތުގެ ރަށެއްކަމުގައިވާ، “ރަނީމީޑް” (Runnymede) ގައި ސޮއި ކުރެއްވި ފަދަ “މެގްނާކާޓާ” ނުވަތަ “ގުރޭޓް ޗާޓަރ އޮފް ގުރޭޓް ބިރިޓްން” (Magna Carta or Great Charter of Great Britain) އެއްގައި ދިވެހި ރާއްޖޭގެ ސަންދާނުގައި އިންނެވި، ވަރުގަދަ ރާޖާއަށް ސޮއިކުރައްވަން މަޖްބޫރު ވެވަޑައިގަތުމުގެ ސަބަބަކުން ނޫނެވެ. އެފާޑުގެ އެއްވެސް މަޖުބޫރު ކަމެއްނެތި ވަރަށް އޮމާންކޮށް ހިނގިކަމެއްގެ ގޮތުގައެވެ. އާދެ! 63 މާއްދާގެ “މެގްނާކާޓާ” އަކީ، އަޅުގަނޑުމެން މުސްލިމުންގެ ގާތުގައި އެއްވެސް އިސްކަމެއް ދޭންޖެހޭ ޗާޓަރެއް ނޫނެވެ. އިސްލާމީ ޝަރީޢަތާއި ދީނުގެ ކުރިމަތީގައި އެއީ އެއްވެސް ބުރަދަނެއްހުރި އެއްޗެއް ނޫނެވެ. އިންސާނީ ޙައްޤުތައްވަނީ، މާތަފްޞީލުކޮށް މާފުރިހަމައަށް ފާޅުވެފައެވެ. ބަޔާން ކުރައްވާފައެވެ. ރިސާލަތެއް ވަނީ، އަޅުގަނޑުމެންނަށް މާކުރިން ލިބިފައެވެ. އަދި އެޝަރީއަތުގެ މައްޗަށް އަދުލްވެރި ވެރިކަމެއް ގައިމުކޮށް މަދީނާ މުނައްވަރާގައި ހިންގާފައެވެ. އިސްލާމީ އަސްލު އުޞޫލުތަކުގައި މިކަހަލަހުރިހާ ޙައްޤުތަކެއް މާފުރިހަމަކޮށް ލިބިދީފައި އެބަހުއްޓެވެ. އިނގިރޭސިން އުފެއްދި، “މެގްނާކާޓާ” އަށް ރުޖޫޢަވާކަށް ނުޖެހެއެވެ. އިސްލާމް ދީނުގެ ކުރީގައި އެހެން އެއްވެސް އެއްޗެއް ނުވެއެވެ. އެންމެކުރި އަކީ، ﷲ އެވެ. އެންމެފުރަތަމަ އަކީ، ﷲ އެވެ. ﷲ އަށްވުރެ ކުރިއަކު، ވުޖޫދެއް ނެތެވެ. ﷲ އަށްފަހު، ދެންއޮތީ، ﷲގެ ރިސާލަތެވެ. ﷲގެ ނަބީންނެވެ. ﷲގެ ރަސޫލުންނެވެ. ﷲގެ ޞަޙާބީންނެވެ. ﷲގެ ތާބިޢީންނެވެ. އެއީ މުޅި އިންސާނިއްޔަ ތެވެ. ޢާލަމް ތަކަށްހުރި ރަޙްމަތެވެ. ޢާލަމްތަކުގެ މައްޗަށް އާދަމްގެފާނާއި ނޫޙޫގެފާނާއި އިބްރާހީމުގެފާނުގެ އާލުންނާއި ޢިމްރާނުގެ އަހުލުވެރިން ވަނީ، ﷲ މަތިވެރި ކުރައްވާފައެވެ. ﷲ ވަނީ، އާދަމްގެ ފާނަށް ހުރިހާތަކެތީގެ ނަންތަކެއް އަންގަވައި ދަސްކޮށް ދެއްވާ ފައެވެ. ހުރިހާއިރެއްގައި ހުރިހާތަނެއްގައި، ﷲ ވޮޑިގެންވެއެވެ. އިންސާނުންގެ ވާހަކަ އަންނާނީ، ﷲ އާއި ނަބީންނާއި ރަސޫލުންނާއި ރިސާލަތައި، އަދި ދީނަށްވުރެ ފަހުގައެވެ. ރާމާމަކުނު އުފެއްދެވީވެސް، އިންސާނުން އުފެއްދެވުމަށް ފަހުގައެވެ. ޢަމުދުން ރާމާމަކުނުން އިންސާނުން އުފެދުމުގެ ތިޔަރީއަކީ، ހުސްފުލޯކުން ފުރިގެންވާ ބުހުތާން ވާހަކައެކެވެ. ރޯމަރުދޮގެކެވެ. “ދީނުގެކުރިން އައީ އިންސާނުން ކަމުގައި އަޅުހެކިވަން” މިފަދަވިސް ނުންތަކުގެ ދަށުންހާމަކޮށް ދަށްކާ ހުވަފެންތަކަކީ، އަސްލެއްނެތް ހުސް އެއްޗިއްސެވެ. ބޭކާރުވާހަކަ ތަކެވެ. ހިޔަންޏަށް މުޑިނެގުމެވެ. އާދަމްގެފާނަކީ، ރިސާލަތެއް ލިބިލެއްވި ނަބީބޭކަލެއްކަން، ނުދަންނަ ކުޑަކުއްޖަކު ވެސް، މިރާއްޖެއަކު، ޝަހާދަތުގެ ދެކަލިމަ ކިޔައިގެން ނުހުންނާނެކަން ކަށަވަރެވެ. މިހުންނަނީ، މުސްތަޝްރިޤު (Orientalist) ން، ގެންގުޅޭ ފާޑުގެ އިލްޙާދީ (ﷲ ވޮޑިގެން ނުވާކަމުގެ) ހަމަތަކާއި ވިސްނުމެވެ. ލިޔުންތެރިޔާ ސަލްމާނު ރުޝްދީ، މަޝްހޫރު ވުމަށާއި އިނގިރޭސިންގެ ޙިމާޔަތް ހޯދުމަށް ކުރީވެސް މިފާޑުގެ ކަމެކެވެ. އިސްލާމުންގެ ތެރޭގައިވެސް މިގޮތަށް މަޝްހޫރުވާން އެދޭމީހުން އުޅެއެވެ. އެންމެ ފަސޭހައިން އިގިރޭސިންގެ ރުހުން ލިބިގަތުމަށްއޮތް އެންމެމޮޅު އުކުޅަކީ، މިއެވެ. ގިނައިން މިގަނޑުގަނެ ފައިވަނީ، ތިންވަނަ ދުނިޔެއަށް އުފަންވެ، ކާބަފައިންގެ ދީނަކީ، އިސްލާމްދީނުގެ ގޮތުގައި ބޮޑެތިވެފައިތިބޭ އިސްލާމީ ދަރިންނެވެ. ޝަހާދަތުގެ ދެކަލިމަ ދުލުންކިޔާއި، ހިތުގެއަޑިން ޤަބޫލުކޮށް މުސްލިމެއްގެ ގޮތުގައި، އެފަދަ ދިވެއްސަކު ހުރިއްޔާ، މިފަދަލާދީނީ ޚިޔާލުތަކުން އެއްކިބާވެ، ހެޔޮމަގަށް ރުޖޫޢަވުމަށް އަޅުގަނޑު، ގޮވާލަމެވެ. ދިވެހިންގެ ތެރޭގައި ވެސް މިކަހަލަދިވެހިން އުޅެމުންގެންދާކަން ވަނީ، ފާހަގަކުރެވިފައެވެ. ފަހެ، އެފަދަމީހުންނަށް ނަމާދުއެޅުމެއް ނެތި، ނަމާދުކުރަން ފެށުމަށް، ނަޞޭޙަތް ތެރިވަމެވެ. މިސްކިތަށް ދާންފެށުމަށް ގޮވާލަމެވެ. ހެޔޮގޮތް ޤަބޫލުކުރުމަކީ، މިއެވެ. އިނގިރޭސިންގެ ރުހުން ލިބިގަތުމަށްވުރެ، ތައުބާވެ، ﷲ އަށް ކުށްތަންވުން އައުލާކަން ބޮޑެވެ. އިސްލާމުންގެ ގޮތަކީ، އިގިރޭސިންގެ އުނގަށް ވެއްޓިނުގަނެ، ﷲގެ ދީނަށް ނަޞްރުހޯދައި ދިނުމެވެ. ﷲގެ ކަލިމަފުޅު އުފުލައި މަތިވެރި ކުރުމެވެ. ވިސްނާލަންޖެހޭ މުހިންމު ނުކުތާއަކީ، އިސްލާމީ ދައުލަތްތައް ހަލާކުކޮށް ކުދިކުދިކޮށްލުމަށް ހުޅަގުން އަބަދުވެސް ބޭނުންހިފާފައިހުރީ އިސްލާމުން ކަމެވެ. ދުވަސްކޮޅަކުން ފެންނާނީ، އިނގިރޭސި ވިލާތުންނާއި އެމެރިކާއިން އިސްލާމްދީން ކިޔަވައިދީ ދީނީދަރުސްދޭން އެތަންތާގެ އެޖެންޓުން ކަމުގައިވާ އިމާމުންނާއި ޝައިޚުން ފޮނުވާމަންޒަރެވެ. ހަމައަކަށްވާނީ އަޒުހަރުން ފޮނުވެންޏާ އެދައުލަތްތަކުން ވެސް ފޮނުވަން ޖެހޭނެކަމެވެ.

އާދެ! ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ، ޒަމާންވީ ރަސްކަމަކުން، ޖުމްހޫރީ ވެރިކަމަކަށް ބަދަލުވީ، ލޮބުވެތި ރައްޔިތުންގެ ވިންދާއި ޝުޢޫރުތައް އުތުރިއަރައި، އިންސާނީ ހައްގުތަކަކާއި ސިޔާސީޙައްޤު ތަކެއް ރައްޔިތުންނަށް ނުލިބިވާތީ، އެޙައްޤުތައް ލިބިގަތުމުގެ ބޭނުންތެރިކަން އިޙްސާސް ކުރެވިގެން ހިންގުނު ވަރުގަދަ އިޞްލާޙީ ހަރަކާތް ތަކަކުންނެއް ނޫނެވެ. އޭރުވެރިކަމުގައި ތިއްބެވި ކުޅަދާނަ ހޭލުންތެރި މަދުބައެއްގެ ރޭވުމުން، އިނގިރޭސިން ރުއްސުމަށްޓަކައި ވެދުމަށް، މީރުފަރިވަޅެއް އެރުވުމުގެ މަޤްޞަދުގައި ކޮށްދެއްވި، ކަމެއްގެގޮތު ގައެވެ. ވެރިކަމުގެ ނަމަށް މާސިންގާ ބޮޑުބަދަލެއް ގެނެވުނަސް، ވެރިކަން ހިންގުމުގެ ޢަމަލުތައް ވެރިކަމުގެ ފަރާތުން ބެހެއްޓެވީ، ހަމަކުރިންވެސް ގެންގުޅުއްވި ޝަޚްޞީ، އިސްތިބްދާދީ ގޮތަށެވެ. އެއްވެސް ބަދަލެއް ނުގެންނަވައެވެ. އިނގިރޭސިންނަށް ވެދުންއަރުވާއި ވެދުންލިބިގަތެވެ. އެހެނަސް ވެރިކަމުގެ ބާރުތައް ބެހިގެނެއް ނުދެއެވެ. އެބާރުތައް އޮތީވަންމޭން ޝޯވ އެއްގެ ގޮތުގައި އަމިއްލަ ޝަޚްޞީ ބާރުގެދަށު ގައެވެ. ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވޯޓުނެގުނީ މާލޭގައި އެކަންޏެވެ. ވެރިމީހާ ބޭނުންވާގޮތަށް ވޯޓުލެވުނު، ތިންދާއިރާ އިންވެސް ސަތޭކަ ޕަސަންޓާގާތަށް ނަތީޖާހޯއްދެވީ، ރީތިރޭވުމެއްގެ ދަށުންނެވެ. އަތޮޅުތައްވަނީ އަނދިރިކަންބޮޑު އަޅުވެތިކަމުން ޙިޞޯރުކޮށް ލެވިފައެވެ. ދިވެހީންގެ ވެރިކަންކުރުމަށް އިސްވެތިއްބެވި ފަރާތްތަކުން އަބަދުވެސް ފެނިފައިވަނީ، އިސްތިބްބާދާދީ މިފަދަގޮތްތަކެވެ. މިހާރުވެސް ފެންނަމުންދަނީ، ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން، ވެރިކަމުގެ ފަރާތުން ޝަޚްޞީ ވެރިކަމެއް، ހިންގަމުން ގެންދާތަނެވެ. މާބޮޑު ތަފާތެއް ނެތެވެ.

އާދެ! އިނގިރޭސިންގެ އިސްތިޢުމާރުގެ ދަށުގައިތިބި ޤައުމުތަކަށް، އިނގިރޭސި ރާޖާއިން، ބަހަމުން ގެންދެވި އެއްޗެއް އެދުވަސްވަރު، ދިވެހި ދައުލަތުންނާއި ވެރިކަމުގެ ބާރުންވެސް، މާތްޝަރަފެއްގެ ގޮތުގައި ލިބިގަތީ، ހަމައެކަނި ނަމަކަށެވެ. ރައްޔިތުންތިބީ، ހަމަތިބި ގޮތަށެވެ. ތިބިޙާލުގައެވެ. ހަނޑޫކޮޅާއި ހަކުރުކޮޅު ލިބޭތީ، ކައިބޮއިގެން އުޅެވެނީއެވެ. ބޭނުންވާއެހެން ހާޖަތްތައް ފުށްދުމަށް ސަލާންޖަހާއި އާދޭސްކޮށް، ކުރުނީސް ކުރުމުން ލިބޭއެތިކޮޅެއް ލިބެނީ، އުނދަގުލުންނެވެ. ވަކިފެންވަރެއްގެ ވަކިބަޔަކަށެވެ. ރާއްޖެތެރޭގައި ތިއްބަވާ ކަލޭފާނުންނަށެވެ. ދެން އެމީހުންގެ އަތުންއޭގެ ދަރުފަންނީގެ އާންމު މީހުންނަށެވެ. މިފަދަ ސަބަބުތަކާހެދި މިއަދައި ހަމައަށްވެސް، ދިވެހިރައްޔިތުންގެ ޙައްޤުތަކަށް އަދިވެސްވަނީ، ބޮޑެތިހުރަސްތައް އެޅިފައެވެ. އިންސާނީ ކަރާމާތް ގެއްލިފައެވެ. ސީދާޤާނޫނީ ބާރެއްގެދަށުން އެމަގުފަހި ވާނެގޮތްވަނީ، ނުވެފައެވެ. އެހުރަސްތައް ދުރަށް ޖައްސާލާނެ ހިތްވަރާއިބާރު، ރައްޔިތުންގެ ކިބައިން ނެރެދޭނެ ހަރުދަނާ ސިޔާސީލީޑަރަކު އަދިވަނީ، ނުވެފައެވެ. ރައްޔިތުންގެ އާދޭހަކީ، އެފަދަ ސިޔާސީ ލީޑަރެއް ފައުޅުވެ، ވީހާއަވަހަށް ފެނުމެވެ. ވަޤުތުއައިސް ޖެހެނީއެވެ.

އާދެ! ރައްޔިތުންގެ ދެމަޖިލިސްވަނީ، ހައިޖެކުކޮށް، ބާރުކަނޑުވާލާ ފައެވެ. ރައްޔިތުން، އައު ޒަޢާމަތެއްގެ ދަށުގައި މުއްތަޙިދުވެ، ރައްޔިތުންގެ ދެގެކަމުގައިވާ ދެމަޖިލިސް މިނިވަން ނުކުރެވެނީސް ޒަމާނީ ޑިމޮކްރަސީއެއް، އަދި މަލްޓިޕާޓީ ނިޒާމެއް ދިވެހީންނަށް، ލިބޭނެތަނެއް ނާންނާނެއެވެ. އެފަދައަމާން މިނިވަން މަންޒަރެއް ނުފެންނާނެއެވެ. ސަލާމަތްތެރި މުޖްތަމަޢެއް ނުފެންނާނެއެވެ. އާދެ! މިޙައްޤުތައް ރައްޔިތުންނަށް، ފުރިހަމަނުވެ މަޢުނަވީ، ޖުމްހޫރިއްޔަތެއް ނުފެންނާނެކަން ކަށަވަރެވެ. ރައްޔިތުންގެ ފުރިހަމަ ޖުމްހޫރިއްޔަތަކީ، އޮމާން މިނިވަން ސަލާމަތްތެރި ވެއްޓެއް ގައިމުވުމެވެ.

އާދެ! ޤާނޫނު އަސާސީއެއް ރާއްޖޭގައި އުފެއްދުމުގެ ޚިޔާލު އެންމެ ފުރަތަމަ ނެންގެވި ވެރިޔަކީ، ކޮންބޭފުޅެއްކަމެއް ދަންނަވާނެ، ޢިލްމެއް އަޅުގަނޑަށް ލިބިފައެއް ނެތެވެ. ފެންނަ ފެނުމުންނައި، އަދި ލިޔުންތަކުން ފެންނަން ހުރިގޮތުގައި ގާނޫނު އަސާސީއެއް އެކުލަވާލުމަށް އެންމެފުރަތަމަ އަމުރު ނެރުއްވި ރަދުންނަކީ، އަލްސުލްޠޯނު މުޙަންމަދު ޝަމްސުއްދީނު އިސްކަންދަރު ފުތް އަލްސުލްޠޯނު އިބްރާހީމް ނޫރައްދީނު އިސްކަންދަރު، ސިރީކުލަސުންދުރަ ކައްތިރިބަވަނަ މަހާރަދުންނެވެ. ފަރުދާގެ އަނެއްފަރާތުގައި ތިއްބެވީ، ބޮޑުބަނޑޭރި (މާލީވަޒީރު) ކަމާއި ބޮޑުވަޒީރު ކަމުގައި ހުންނެވި، އަލްއަމީރު ޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނާއި އޮޅުދޫކަރާ (ސިލޯނު) ގައި އޭރު ހުންނެވި ދިވެހިދައުލަތުގެ ސަފީރު އަލްނަބީލު ޢަބްދުލްޙަމީދުދީދީ އަފަންދީއާއި އޭރުދައުލަތުގައި ވަރަށް އިސްކޮށް ކުރިޔަށް ހުންނެވި އަލްފާޟިލް ގަލޮޅުގޭ މުހަންމަދު ދީދީއެވެ. އަދި އޭގެތެރޭގައި ސުމުއްވުލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނާއި ފަޟީލަތުއްޝައިޚު ޙުސައިން ޞޮލާޙުއްދީނު ފަނޑިޔާރު މަނިކުފާނާއި މިއެންމެ ބޭފުޅުންވެސް ވަރަށް މުހިންމު ބައިތަކެއް ކުޅުއްވުމަކީ، ހަމަ ޠޮބީޢީ ކަމެކެވެ. ނުވެނުދާނެ ވަރުގެކަމަކަށް ބަލައިގެން ނުވާނެއެވެ. މިކަމުގައި މިބޭފުޅުންގެ ފުންއަތެއް ވާނެކަން ކަށަވަރެވެ. އެދުވަސްވަރު ސިލޯނުގައި ހުންނެވި އެކްޓިންގ ގަވަރނަރ ސަރބާރނާޑް ބޯޑިލޯން މާލެވަޑައިގެން ގާނޫނު އަސާސީއެއް އުފެއްދެވުމުގެ މަޝްވަރާ، ރަދުންނަށާއި ދައުލަތަށް އެރުވިއިރު، އެކަންއޭނާ ލައްވާއެގޮތަށް ކުރުވުމަށް ކޮއްޕާބާރު އެޅުއްވި ފަރާތަކަށްވާނީ، އޭރުގެސަފީރު ޢަބްދުލްޙަމީދު އަފަންދީ ކަން ހަމަޤައިމުވެސް އަޅުގަނޑު ފާހަގަ ކުރާނަމެވެ. މިހާރަށް ބަލާއިރު، އެމްޑީޕީއަށް ނިސްބަތްވާ، އެންމެއިސް ވެރިން މިކުޅުއްވާ ދައުރަކީވެސް ހަމަމިކަމެވެ. އެއްވެސް ތަފާތެއް ނެތެވެ. ދިވެހީންގެ އެކިއެކިކަން ކަމުގައި ދިވެހިދައުލަތަށް، އިނގިރޭސިން ލައްވާ ދަނޑި ކޮއްޕުވަނީއެވެ. އަދި އެއިރެއްގައި އިސްކޮށް ތިބޭބައެއްގެ އަމިއްލަ މަޞްލަޙަތު ރައްޔިތުންގެ ޢާންމު މަޞްލަޙަތަށްވުރެ ގިނަފަހަރަށް އޮންނަނީ އިސްކުރެވިފައެވެ. މިއީ، ދިވެހި ޤައުމިއްޔަތަށް ބަލާއިރު އެންމެފައިދާ ބޮޑުގޮތެއްނޫނެވެ.

ޤާނޫނު އަސާސީއެއް ރާއްޖޭގައި އުފެއްދުމުގެ ޚިޔާލުކުރެވިފައި ވަނީ ކީއްވެތޯ ވިސްނާއިރު، އަޅުގަނޑުގެ ދިރާސާއަށް ލިބޭނަތީޖާއަކީ، އެދުވަސްވަރަކީ، އިނގިރޭސިން އެމީހުންނާ ގުޅުންހުރި ހުރިހާ ދައުލަތްތަކަށް ޤާނޫނު އަސާސީއެއް ބަހަމުން ދިޔަދުވަސްވަރަށް ވުމާއި ޚާއްޞަކޮށް، އިންޑިޔާގައި ހިނގަމުންދިޔަ ސިޔާސީ ޙަރަކާތްތައް ދިރާސާކޮށް ބަލާފައި ކުރިކަމެކެވެ. އަދި ނޫރައްދީނު ބަންޑާރައިން އަވަހާރަ ވުމަށްފަހުގައި ދިވެހިރަސްކަން ބަދަލުވުމުގެ ފަށްތަރުތަކުގައި އުފެދެންފެށި، ބޮޑެތިމައްސަލަ ތަކާގުޅިގެން ރާއްޖޭގައި ހިނގިސިޔާސީ ހަމަނުޖެހުން ތަކުގެ ސަބަބުން އިނގިރޭސިންނަށް ރާއްޖޭގައި ގާނޫނު އަސާސީއެއް ކޮންމެހެންވެސް ޤައިމުކުރަން ވެއްޖެކަމަށް ފެނުނީކަމުގައި ބެލެވިދާނެއެވެ. އަދި މިހިސާބަށް ދިވެހިޤައުމު ދަތުރުކުރިއިރު އަސާސީއެއް އޮތުމަށް އެދިއެދިތިބި އެތައް ދިވެހިދަރީންނެއް ތިބިކަން ފާހަގަކޮށް ހިމަނަންޖެހެއެވެ. ޖުމްހޫރީ ވެރިކަމުގައި އެންމެވަރުގަދަކޮށް، އޮޅުން ނާރާވަރަށް ސާފުޢިބާރާތުން ލިޔެވިފައި، އޮންނަންވީ މުހިންމުކަމަކީ، ވެރިކަން ބަދަލުވުމުގެ ފަށްތަރުކަމުގައިވާ، އިންތިޤާލީ މަތްޙަލާގައި ކަންކުރެވޭނެގޮތެވެ. އަޅުގަނޑުމެންގެ މިހާރުގެ، 17 އަހަރުނެގި މަޝްހޫރު ބޮޑުއަސާސީގައި ވެސް އެކަންއޮތީ، ޖުމްހޫރީވެރިކަމުގައި އޮންނަންވީ އެންމެރަނގަޅަކަށް ނޫނެވެ.

އާދެ! ދިވެހިތާރީޚުގެ އަހުލުވެރިންނަށް، ވަންހަނާވެގެން ނުވާނެފަދައިން، ދިވެހިރާއްޖޭގައި އަސާސީއެއް އެންމެފުރަތަމަ އުފައްދައި ޢަމަލުކުރަންފެށީ، 22 ޑިސެންބަރ 1932މ. 23 ޝަޢުބާން 1351ހ. ބުރާސްފަތިދުވަހު އެވެ. ތަޞްދީޤު ކުރެއްވީ، އަލްސުލްޠޯނު މުޙައްމަދު ޝަމްސުއްދީނު އިސްކަންދަރެވެ. ފުރަތަމަ އަސާސީ އުވިގެންދިޔައީ ނުވަވަރަކަށް މަސްދުވަހު ހިންގުމަށްފަހު، އުފެދުނު ދާޚިލީ ހަމަނުޖެހުން ގަނޑެއްގެ ތެރޭގައި، ރައްޔިތުންގެ ތެރެއިން އިސްކޮށް ނުކުމެ އުޅުނު، 68 ބޭކަލުންގެ މަސައްކަތުން ރައްޔިތުންގެ ނަމުގައި، ވަރަށްފޯރިގަދަ ގޮތަކަށް، ސުމުއްވުލް އަމީރުޢަބްދުލް މަޖީދު ރަންނަ ބަޑޭރިކިލެގެފާނަށް ދަންނަވައިގެން، އެމަނިކުފާނު މާލެގެންނަވައި، އެމަނިކުފާނުގެ ލަފާފުޅުގެ މަތިން އިޞްލާޙުތަކެއް އަސާސީއަށް ގެންނަވައި، 29 ޞަފަރު 1353ހ. 12 ޖޫން 1934މ. ގައި، އެއިޞްލާޙުތަކާ، އެއްގޮތަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ފާސްވުމުންނެވެ. ގާނޫނު އަސާސީއަށް ފަހު، ދެންއޮތީ އަޙުކާއްމުޢާއްމާ ފާސްކުރުމެވެ. 1353ހ، ވަނައަހަރުގެ ރަބީޢުލްއާޚިރު މަހުގެ، 3 ވަނަދުވަހު މެންދުރުން އަބުރާ ދޭއްޖެހިއިރު ސޮއިކުރެއްވުމަށް މަތިގޭކަޓަކަރާ މަތީގައި ރަސްމިއްޔާތު ތައްޔާރު ކުރެވުނެވެ. އެހެނަސް ރަދުންބޮޑާ ހޭއްކެވެމުން، ރަދުންގެ ދައިތާފުޅު އިސްނަންގަވައި ނަޞޭޙަތްތެރި ވެވަޑައިގަތުމުން، ތަޞްދީޤު ކުރެއްވުމުގެ ސޮއިކުރެއްވުނީ، އެދުވަހުގެ ވަރަށްހަވީރުގެ ވަޤުތެއްގައެވެ. އެވަޤުތު ގުޅަކުޅޭ ފަސްގަނޑު އޮތީވަރަށް ހޫނުކޮށެވެ. ރަންނަބަނޑޭރި ކިލަގެފާނު އިންނެވީ، ސައްކަރަންޏާ ދޮރޯށީގެ ދާލާގައެވެ. އޭރުވެސް އެކްޓިވިސްޓުންގެ ހަރަކާތްތައް އަޑިއަޑުން ރޭވިގެން ހިންގަމުން ގެންދެއެވެ.

އާދެ! މިދޭތެރޭގައި ދުވަސް ކޮޅެއް ވުމަށްފަހު، ދެވަނައަސާސީ ހިންގަންފެށުނީ، 22 ރަބީޢުލްއައްވަލް 1353ހ، 5 ޖުލައި 1934މ. ގައެވެ. ތަޞްދީޤުކުރެއްވީ، ޝަމްސުއްދީނު ރަދުންނެވެ. މިއަސާސީ އުވުނީ، 26 ރަބީޢުލްއާޚިރު 1355ހ. 16 ޖުލައި 1936މ ގައި އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އަސާސީގެ، 84 ވަނަ މާއްދާއަށް އިޞްލާޙެއް ގެނައުމުންނެވެ.

އާދެ! ތިންވަނަ އަސާސީ ހިންގަންފެށީ، 14 ޛުލްޤަޢަދާ 1355ހ، 28 ޖެނުއަރީ 1937މ. ގައެވެ. ތަޞްދީޤު ކުރެއްވީ، އަލްސުލްޠޯނު ޙަސަން ނޫރައްދީނު އަލްޘާނީއެވެ. މިދުވަސްވަރު ރާއްޖޭގެސިޔާސީ މަސްރަޙުން ފެންނަމުން ދަޔައީ، ވަރަށްތަފާތު ދުވަސްވަރެކެވެ. އަމީންދީދީ ލިޔުއްވަނީ، އެދުވަސްވަރު އަޅުގަނޑުމެންގެ އަސާސީއެކޭ، މޫސާކުއްޓިގެ މަޝްހޫރު ކެޔޮގަނޑެކޭ ދިޔައީދާދި އެއްގޮތް ވަމުންނެވެ. އެއްބައި ފަހަރަށް އޮވެއެވެ. އަނެއްބައި ފަހަރަކަށް ނޯވެއެވެ. ނެތިފައިދެން ފެންނައިރު އޮންނަނީ، އިހަށްއޮންނަ ގޮތަކަށް ނޫނެވެ. ވިރާސީ ރަސްކަމެއްގައި އެންމެންނަށް، ހަމަހަމަ ޙައްޤު ތަކެއް އަސާސީއެއްގެ ދަށުން، ލިބިގަންނަން ޖެހުނީމާ ވެގެންދާނެގޮތް މިދަނީ، ފެންނަ މުންނެވެ. ފަހެ، ތިންވަނަ މިއަސާސީ އުވުނީ، 20 ޛުލްޙައްޖާ 1358ހ، 31 ޖެނުއަރީ 1940މ. (ބުދަ) ދުވަހުގައި މަދްރަސަތުލް ސަނިއްޔާގައި  އަސާސީގެ، 80 ވަނަ މާއްދާގައި ނަންގަނެވިގެންވާ ގޮތުގެ މަތިން އޮތް، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ކުރިންއޮތް އަޙްކާއްމުޢާއްމާ އުވާލާއި، އަސާސީމުޅިން ބަދަލުކުރުމަށް ފެނުމުންނެވެ. މިޖަލްސާއިން، މިދެފޮތް ނައްތާލުމަށް ފާސްކޮށް، އަލްއަމީރު ޙަސަން ފަރީދުދީދީއަށް، ދިވެހިރާއްޖޭގެ އެންމެމްތީ ދަރަޖައިގެ ވަލީއޮތުމަށް ނިމުނެވެ. ވާއެއްނުވާއެއް އެކަކަށްވެސް ނޭގިދުވަސްތަކެއް ވެއަތުވެ ހިގައްޖެއެވެ. ރަސްކަލެއްގެ ނަމުގައި މަތިގޭގައި އިންނަވަނީ، އަލްސުލްޠޯނު ޙަސަންނޫރައްދީ ނެވެ. ވަލީއޮތް ފަރާތަކީ، ޙަސަންފަރީދެވެ.

އާދެ! ހަތަރުވަނަ އަސާސީ ހިންގަންފެށީ، 6 ރަބީޢުލްއާޚިރު 1361ހ، 23 އޭޕްރީލް 1942މ. ވިބުރާސްފަތި ދުވަހުއެވެ. ތަޞްދީޤު ކުރެއްވީ، އަލްސުލްޠޯނު ޙަސަން ނޫރައްދީނު ރަދުންނާއި ވަޒީރުލް އަޢުޡަމް އަލްއަމީރު މަޙައްމަދު ފަރީދު އަލްއައްވަލުއެވެ. މިއީ ވަރަށްގިނަ މާއްދާތަކެއް އިތުރު ކުރެވުނު އަސާސީއެކެވެ. “ކުޑައަސާސީއޭ” ކިއުނީ އެހެންވެއެވެ. މުއައްރިޚުންގެ ގާތުގައި މިއަސާސީ މަޝްހޫރުވެފައި ވަނީ، “ކުޑައަސާސީ” ގެ ގޮތުގައެވެ. ފަހެ، މިއަސާސީ އުވުނީ، 24 ޝަޢުބާން 1370ހ، 31 މެއި 1951މ. ގައިއޮތް ރައްޔިތުންގެ ޚާއްޞަމަޖިލީހުން ގެނެވުނު އިޞްލާޙު ތަކަކާ ގުޅިގެންނެވެ. މިއީ މަޝްހޫރު ކުޑަޤާނޫނު އަސާސީއެވެ. ފަހެ، ދަންނާށެވެ! މަޝްހޫރު “ބޮޑުއަސާސީ” އަކީ ރައީސް މައުމޫނު ފުރަތަމަ، ވެރިކަމަށް އެރުއްވުމާއެކު، އިސްލާޙުކުރެއްވި އަސާސީއެވެ. އެއަސާސީއަށް އެނަންދިނީ، ޚާއްސަމަޖިލީހުގައި އަޅުގަނޑެވެ. އާދެ! 12 ޞޮފްޙާގެ، މިކުޑައަސާސީ ހިންގަމުން އައިސް، 1363ހ. ވަނައަހަރުގެ ޛުލްޤަޢަދާ މަހުގެ، 11 ވަނަދުވަހު، އަނެއްކާވެސް 1355ހ. ވަނައަހަރުގެ (3 ވަނައަސާސީ) އަށް ދައުލަތްހިންގުމަށް ކަނޑައެޅުނެވެ. އާދެ! އެއަށްފަހު، އެއަސާސީ ހިންގަމުން އެކިއެކި އިޞްލާޙުތައް އޭގެމާއްދާ ތަކަށް ގެނެވެމުން އައިސް އަޅުގަނޑުމެން ދިވެހީންގެ ރަސްކަމުގެ އެންމެފަހު އަސާސީ އަކަށްވީ، 1370ހ، ވަނައަހަރު ފާސްވި އަސާސީއެވެ. ރާއްޖެ ޖުމްހޫރިއްޔަތަކަށް ވެއްޖެއުމަށް ދާންދޭން ހިންގުނީ، މިއަސާސީއެވެ. ފަހެ، މިއީ ފަސްވަނަ އަސާސީއެވެ. ހިންގަންފެށީ، 24 ޝަޢުބާން 1370ހ، 31 މެއި 1951މ. ގައެވެ. ތަޞްދީޤު ކުރެއްވީ، ވަލީކޮމެޓީން އެކޮމެޓީގެ ރައީސް އަލްއަމީރު މަޙައްމަދު އަމީންދީދީ އާއި ކޮމެޓީގެ މެންބަރަކު ކަމުގައިވާ، ފަޞީލަތުލްޝައިޚް ޢަބްދުއްﷲ ފަހުމީއެވެ. ފަސްވަނަ އަސާސީ އުވުނީ، ދިވެހިރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ގުޅިގެން، 1 ޖެނުއަރީ 1953މ. ގައި ޖުމްހޫރީ ގާނޫނުއަސާސީ އިޢުލާނު ކުރުމުންނެވެ. އާދެ! މިދުވަސް ވަރަކީ، ދިވެހިރާއްޖެވެސް ޖުމްހޫރިއްޔަތާ ދިމާއަށް އެބުރި ދިޔަދުވަސް ވަރެވެ. މިއަދު ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ތަޖުރިބާ ކުރެވެމުން މިދާހުރިހާ ކަމެއް، މަލްޓިޕާޓީ ސިޔާސަތުގެ ޖުމްހޫރީ ޤާނޫނުތަކެއް އޭރުނެތް ކަމުގައި ވިޔަސް، އެދުވަސްވަރު ގައިވެސް އެހުރިހާކަމެއް ދިޔައީ، ތަޖުރިބާ ކުރެވެމުންނެވެ. ހިނގަމުންނެވެ. ސިޔާސީޕާޓީތައް ނެތްކަމުގައި ވިޔަސް، ސިޔާސީޕާޓީތަކެކޭ އެއްފެން ވަރެއްގައި، ޢާއިލީ ނުފޫޒުތައް ބައިބަޔަށް އުފެދި ބާރުވެރިވެފައި އޮތެވެ. ސިޔާސީ މައިދާނުގައި އިސްކޮށް، ހަރަކާތްތެރިވެ ކުޅެމުންގެންދެވީ، ޢާއިލީ އެގުރޫޕުތަކުންނެވެ. ހުންނެވި މަޤާމުން އިސްތިޢުފާ ދެއްވުމަށް ފަހު، ރާއްޖެދޫކޮށް ފުރާވަޑައި ގަންނަވަން ކެރިވަޑައި ގަންނަވާ އެންމެބޮޑު ސަބަބަކީ، ފުރިހަމަ ނުފޫޒާއިބާރު، ސިޔާސީ މައިދާނުގައި، ޚުދުމީހާނެތަސް، މޫލައިވަރުގަދަކޮށް ސާބިތުކަމާއެކު، ހަރުލާފައިއޮތީ މައެވެ. ރައްޔިތުންގެ ޤަދަރާއި އިޙްތިރާމު އިންތިހާ ދަރަޖައަށް ލިބިލެއްވި ސުމުއްވުލް އަމީރުޢަބްދުލް މަޖީދު ރަންނަބަޑޭރި ކިލެގެފާނު، އިސްތިޢުފާ ދެއްވީ، އޭނާގެ ދެފަރީދާއި ބޮޑުބޭބެ ވިދާޅުވާ އަމީންދީދީ ފަދަ، ތިމާގެ ބޭފުޅުން ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވާން ތިއްބެވީމައެވެ. އަދިވާނުވާ ރަނގަޅަށް އެނގިވަޑައިގަން ނަވާތީއެވެ. އެއީ މިޒަމާނުގައި ކިޔާހެން ފިލަނީކީ ނޫނެވެ.

ފަހެ، ދަންނާށެވެ! އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުން، ދެމެމުންއައި ކީރިތިމޫރިތި ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރާލެވުނީ، ރައްޔިތުންގެ ޢާއްމުޚިޔާލު ހޯދުމުގެ ވޯޓެއްނަގައި ގެންނެވެ. މިކަންހިނގާ ދިޔަގޮތް ބަޔާންކޮށް ދިނުމުގެ ގޮތުން، ދިވެހިތާރީޚުގެ އަހުލުވެރީންނައިގެން އަޅުގަނޑު ޖެހިލާނީ، 1371ހ، ވަނައަހަރުގެ ރަޖަބުމަހުގެ 17 ވަނަދުވަހު، ފުރަމާލޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ވަރަށްޚާއްޞަ ޖަލްސާއެއްގެ ތެރެއަށެވެ. އެޖެންޑާ ކުރެވި، ޢިތްޒަތްތެރި މެންބަރުންގެ މޭޒުކޮޅުތައް މަތީގައިވަނީ، އިންތިހާ މަތިވެރި ދަރަޖައަކަށް އަހުމިއްޔަތުކަން ދެވިފައިވާ މައްސަލައެއް ކަމުގައިވާ، “ދިވެހިރާއްޖޭގެ ވެރިކަން ބާއްވާނެ އުޞޫލަކާމެދު” ބަހުސްކޮށް ގޮތެއް ނިންމުމެވެ. ގިނަވަޤުތުތަކެއް ހޭދަކުރުމަށް ފަހު މިބަހުސްނިމުނީ، މިކަމާމެދު ވިސްނައި ގޮތެއް، ހަމަޖެއްސުމަށް ދުވަހުގެޖަލްސާގައި މަޖިލީހުގެ އިއްތިފާޤުން ކޮމެޓީއެއް އިންތިޚާބު ކުރުމަށްފަހު ގައެވެ.

ރައްޔިތުން މަޖިލީހުގެ މިދެންނެވި ކުޑަކޮމެޓީގެ ޖަލްސާތަކެއް “އަތިރީގޭ” ގައި ހިންގުމަށް ފަހު، ކަޑަކޮމެޓީ އިއްތިފާޤުވީ، މިރާއްޖެ، ޖުމްހޫރިއްޔަތަކަށް ހަދާލުމަށް ބޭނުންތެރިކަން މަޖުބޫރުކޮށްފި ކަމުގައެވެ. ނަމަވެސް އެބަދަލު ގެނައުމަށް ފެންނަނީ، މާލޭގެ ރައްޔިތުންނާއި، މިތަންވަޅު މާލޭގައިތިބި ރާއްޖެތެރޭގެ ރައްޔިތުންގެ ޢާއްމުވޯޓެއް މިކަމާމެދު ނެގުމަށްފަހު، ފެންނަނަތީޖާ އަކުންނެވެ. ކުޑަކޮމެޓީން ނިންމިގޮތަށް ބަދަލެއް ނުގެނެސް ރައްޔިތުންގެ މަޖިލީހުން އިއްތިފާޤު ވީއެވެ. އާދެ! ދެން އަޅުގަނޑު ޖެހިލާނީ، 1371ހ، ވަނައަހަރުގެ ރަޖަބުމަހުގެ، 20 ވަނަދުވަހުގެ ހަވީރު ހަތަރެއްޖެހިއިރު، ނާދީތަމައްދުނުގައި ކުރެވުނު، އެއިރުގެ އަސާސީގެ، 70 ވަނަ މާއްދާގައިވާ ރައްޔިތުންގެ ޚާއްޞަމަޖިލީހުގެ ޖަލްސާއަށެވެ. މިޖަލްސާގެ އިއްތިފާޤުން ފާސްވީ، ރާއްޖޭގެ ވެރިކަން ހަމަޖައްސާނޭ އުޞޫލަކާމެދު ރައްޔިތުންގެ ވޯޓެއްނެގުމަށެވެ. ކޮންމެ އަކަސް، ހަމައެއަހަރުގެ ރަޖަބުމަހުގެ، 21 އާއި 22 ވަނަދުވަހު، (18،17 އޭޕްރީލް 1952މ.) މިދެންނެވި އިއްތިފާޤުވި، ވޯޓުނެގުމުގައި ހޭދަވެގެން ދިޔައެވެ. ނަތީޖާފާޅުކުރީ، ރަޖަބުމަހުގެ، 22 (18 އޭޕްރީލް) ވީ ހުކުރުދުވަހުގެ ހަވީރު ހެންވޭރުބޯޅަ ކުޅޭބިމުގައެވެ. ބަރާބަރު ހަވީރުހަތަރެއް ޖެހިއިރުއެވެ. އަންހެނުންނާއި ފިރިހެނުންގެ ހާޒިރުގައެވެ. ނަތީޖާއަކީ، ތިޔަބޭފުޅުން ވެސް ހަދުމަފުޅު ހުންނާނޭފަދަ ލާމަސީލު އަޣުލަބިއްޔަތަކުން ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލުމަށް ފާސްވުމެވެ. ފަހެ، މިއީ ޖުމާދަލްއޫލާ 1373ހ، ވަނަދުވަހު، “ސަރުކާރުގެ ޚަބަރު” ގައި މިވާހަކަތައް ލިޔެފައިވާ ގޮތުގެ ޚުލާޞާ އެކެވެ.

އާދެ! 21 ރަޖަބު 1371ހ، ވަނަދުވަހު ހަވީރު ހަތަރެއްޖެހިއިރު “އަތިރީގޭ” ގައި ފެށުނު މުތަޤައްދިމު ޕާޓީގެ އެންމެއިސް ގުނައަން ކަމަށްވާ މަޝްވަރާ ކޮމެޓީގެ ޖަލްސާގައި އަމީންދީދީ، ވިދާޅުވިކަމަށް އެދުވަހުގެ ޔައުމިއްޔާގައި ޕާޓީގެ ސެކްރަޓަރީ ކަމުގައިވާ، މާފަންނު ބަގީޗާގޭ އަލްމަރުޙޫމް އިބްރާހީމް ޝިހާބު ލިޔުއްވާފައި ވަނީ، ” އަޅުގަނޑަށް “މުޙައްމަދު އަމީން ދީދީ އަށް” ފެންނަނީ! ރާއްޖޭގައި ވިރާސީ ރަސްކަމެއް އުފެއްދުމާއެކު، އެކަށީގެންވާ ބޭފުޅަކު، ރަސްކަމަށް އިސްކޮށްގެން އެފަރާތަށް ރައްޔިތުންގެ ލޯތްބާއި ޤަދަރު، އުފައްދައި ދިނުމަށް މަސައްކަތް ކުރުމެވެ.” މިއިން ސާފުކޮށް ދޭހަވާއެއްޗަކީ، ދިވެހިރާއްޖޭގައި އޮންނަންފެން ނަނީ، ޖުމްހޫރިއްޔަތެއް ކަމަށް ފާސްވުމަށް ދާންދެންވެސް، އަމީންދީދީ ވަކާލާތު ކުރެއްވީ، ރާއްޖޭގައި ވިރާސީ ރަސްކަމެއް ޤާއިމުކުރުމަށް ކަމެވެ. އަޅުގަނޑަށް ބުރަވެވެނީ، އަމީންދީދީ ޤަބޫލު ފުޅުކުރައްވާ ގޮތަކީ، ދިވެހި ރާއްޖޭގައި މަޢުނަވީ ޖުމްހޫރީ ވެރިކަމެއް، ނުހިން ގޭނެކަމަށެވެ. މުތަޤައްދިމް ޕާޓީގެ މަޝްވަރާ ޖަލްސާ ތަކުގައި ވަރަށް ފޯރިއާއި ޖޯޝާއެކު، އަމީންދީދީ، ރާއްޖޭގައި ޖުމްހޫރިއްޔަތެއް އުފެއްދުމަކީ، ފެނިވަޑައި ނުގަންނަވާ ކަމެއްކަމުގައި ވާހަކަފުޅު ދައްކަވާފައި ވެއެވެ. ސަބަބަކަށް ގެންނަވާފައި ވަނީ، ދިވެހި ރާއްޖެފަދަ، ކަމަށްއެކަށީގެންވާ މީހުން މަދު، ތަޢުލީމު ލިބިގެންތިބި މީހުންވެސް މަދުތަނެއްގައި، ޖުމްހޫރިއްޔަތެއް އުފައްދާއި ހިންގުމަކީ، ވަރަށްދަތި އުނދަގު ކަމަކަށްވާނެ ކަމަށެވެ. ހަމަމިފަދައިން ރައްޔިތުންގެ ހުރިހާ ބާރުތަކެއް، ރަސްކަލަކަށް ދެއްވުމަށްވެސް އަމީންދީދީ ދެކޮޅުހައްދަވައި ވާހަކަފުޅު ދައްކަވާފައި ވެއެވެ. އާދެ! އަމީންދީދީ އެވިދާޅުވަނީ، ވަރަށްބޮޑު ތެދުފުޅެކެވެ. ޙަޤީޤަތެއް އޮތްވާހަކަ ފުޅެއްކަން ކަށަވަރެވެ. ރައްޔިތުންގެ ބާރުވަކި އެއްވެސް ފަރުދަކަށް، ޝަޚުޞީބާރެއްގެ ގޮތުގައި ހިތުހުރިހާ ގޮތަކަށް ބޭނުންކުރުމަށް ދޫކޮށްލެވިގެން ނުވާނެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އަމީންދީދީ، އެވިދާޅުވާ ބަސްފުޅުން، މާނަކުރައްވަން އެޤަޞްދު ކަރައްވަނީ، “މަލްޓިޕާޓީ ޑިމޮކްރަސީ ޖުމްހޫރިއްޔަތެއް” ރާއްޖޭގައި ޤާއިމުކުރެއްވުމުގެ ވާހަކައެވެ. ފަހަރުގައި އުވިދާޅުވާ ވާހަކަފުޅުގެ ހަގީގީމާނައަކީ، އިނގިރޭސިންގެ ބަރުލަމާނީ ސްޓައިލަށް ވެދާނެއެވެ.

އާދެ! އަދުގެ ދުނިޔޭގައި ރައްޔިތުންގެ ވެރިކަމުގެ ނަމުގައި ގެންގުޅޭ ޑިމޮކްރަސީ އަކީ، މަލްޓިޕާޓީ ޑިމޮކްރަސީގެ ޖުމްހޫރީވެރި ކަމެވެ. ކަންމިހެން އޮތަސް އަޅުގަނޑުމެން ދިވެހިން މަސައްކަތް ކުރަންވީ، ދުނިޔޭގައި އިޤުތިޞޯދީ ގޮތުން ކުރިއަށް ގޮސްފައިވާ، އަދި ޢަސްކަރީގޮތުން ބާރުގަދަކޮށް ފައިވާ، ތަންތަނަށްވާތީ، އެތަންތާގެ ވެރިކަމުގެ ނިޒާމުތައް ބަލައިގަނެ އެގޮތްތައް ރާއްޖެއަށް ގެނައުމަކަށް ނޫނެވެ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ،  އަޅުގަނޑު މެންގެ ޑިމޮކްރަސީއަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަސްލެއްކަމުގައިވާ ޝޫރާގެ މަތިވެރި އުޞޫލުގެ މައްޗަށް ބުނާކުރެވިފައިވާ ތަހުޒީބީ ޑިމޮކްރަސީއެއް ކަމުގައި ހެދުމަށެވެ. އާދެ! “އިސްލާމީ ޑިމޮކްރަސީ” އަކީ، ޑިމޮކްރަސީގެ ނަމުގައި ދުނިޔޭގެ އެތަންމިތާގައި ހިންގަމުން ގެންދާ ނިޒާމު ތަކަށްވުރެ އޭގައި، ވެރިކަމުގެ ބާރުތަކާއި ދައުލަތް ހިންގުމާއި ޢަދުލުއިންސާފާއި ރައްޔިތުންގެ މިނިވަންކަމާއި ހަމަހަމަކަމާއި މިހުރިހާ ކަންކަމެއް އެންމެ ފުރިހަމަކޮށް، އެކުލެވިގެންވާ، ވަރަށް ތަހުޒީބު ޑިމޮކްރަސީއެވެ. އަދި އެންމެ މަތީދަރަޖަ އަކަށް، މިހުރިހާ ޙައްޤުތަކެއް ލިބިގެންވާ މުހައްޒަބު ޑިމޮކްރަސީއެވެ. ވީމާ ޑިމޮކްރަސީގެ އެންމެރީތި ފަށުވިފޭރާމަކީ، ޖުމްހޫރީވެރި ކަމެއްގައި، މަލްޓިޕާޓީ ސިޔާސަތުގެ މައްޗަށް ބިނާކޮށްފައިވާ، “އިސްލާމީ ޑިމޮކްރަސީ” އެވެ.

އާދެ! ރާއްޖޭގެ ވެރިކަން ޖުމްހޫރިއްޔަތަށް ބަދަލުކުރި ދެފަހަރުވެސް އެކަން ނިންމީ، ރައްޔިތުންނައި ހަމައަށް ގެންގޮސް ގެންނެވެ. ރައްޔިތުންގެ އާން، ބަހެއްލިބި ގެންނެވެ. 1952މ، ގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިއިންތިޚާބުގައި ވޯޓުލެވުނީ، ވިރާސީ ރަސްކަމަށާއި، އިންތިޚާބީ ރަސްކަމަށާއި، ރައީސްކަމަށް، އަލްއަމީރު މުޙައްމަދު އަމީންދީދީ އާއި، ނާއިބުރައީސް ކަމަށް އިބްރާހީމް މުޙައްމަދު ދީދީ ހޮވުމަށެވެ. މިކަންނިމުމާއެކު، ދެންއޮތީ ރާއްޖޭގެ ރައްޔިތުންގެ ވެރިކަން ޖުމްހޫރިއްޔަތަކަށް، ބަދަލުވެއްޖެކަން ރަސްމީކޮށް، މުޅިރާއްޖެއަށް އިޢުލާނު ކުރެއްވުމެވެ. މިކަންހިނގާ ދިޔައީ، ޒަމާންވީ މުސްކުޅި އާދަކާދައިގެ މަތިން ދިވެހި ޘަޤާފަތާ ގުޅޭގޮތަށެވެ. ދިވެހި ފުރަތަމަ ޖުމްހޫރިއްޔަތު، ފުރަމާލޭގައި އިޢުލާނު ކުރެވުނީ، އެކިއަވަށް ތަކުގައި، އަވަށުމައިޒާން ދޮށުގައި، 1 ޖެނުއަރީ 1953މ، ދުވަހުގައެވެ. އަތޮޅުތަކުގައި ވެސް އިޢުލާނު ކުރެވުނެވެ. މިވަފުދުގައި އިސްކޮށް ހުންނެވީ، “އަބޫނާ” ގެ ލަޤަބު އެރުވިފައިވާ ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީ އެވެ. މީނާއަކީ، އަމީން ދީދީގެ އެންމެ ފަހުވަޤުތާ ޖެހެންދެން ވެސް މާފުރިހަމަ އިތުބާރެއް ދެއްވި ބޭފުޅެކެވެ!!! ފަހެ، މިކަމުން ޙައިރާންކަމެއް ލިބެއެވެ!! އެހެނަސް ދުވަހުގެ ކަމާބެހޭ ރަސްމީފަތް ވިދާޅުވީ، އެކަމަށް އިސްކުރެވުނު، އަބޫނާ (އަހަރުމެންގެ ބައްޕަ) އެވެ. ދެން އިސްކޮށް ހުންނެވީ، ވަޒީރުއްދާޚިލިއްޔާގެ ވަކީލު އާދަމް ނަޞީރު މަނިކެވެ. ހުދުމުންޑު ކޮޅުގައެވެ. ދެންމުޅިން ވެސް ތިއްބެވީ، ކޮލި ލެވިގެންވާ ޢިއްޒަތްތެރީންނެވެ. އެބޭކަލުން ތިއްބެވީ، ފޭއްޔާއި ނިހާލީގައެވެ. މިބޭފުޅުންނަކީ، ރަށްހަމާންތި ކަލޭފާނު (ނަޚުދާޙަސަން ކަލޭފާނު)، އަޙްމަދު މާފަތް ތަކުރުފާނު (ކަޅުސާއްޔެއް ތުރުކުރައްވައިގެން)، ޢަބްދުލްޙަކީމް ކާއްނާ ކިލެގެފާނު (ނައިފަރު)، އާދަމްދާންނާ ކިލެގެފާނު (ދިއްދޫ)، ވަތަބަނޑޭރި ކިލެގެފާނު (ގައްދޫ)، ޙަސަންހިރި ހަމާންތި ކަލޭގެފާނު (ހަވަރުތިނަދޫ)، މި 8 ބޭފުޅުންނެވެ. މިމަޢުލޫމާތު އަޅުގަނޑަށް ކިޔައިދެއްވީ، ގަލޮޅުމައިޒާން ދޮށުގައި މިވަފުދު ތިއްބަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ދައްކަވާފައި، އަލްމަރުޙޫމް ކޮލި ޙަސަން އަޙްމަދު މަނިކެވެ. އޭނާއަށް، ﷲ ހެޔޮރަޙުމަތް ލައްވާށިއެވެ. ފަހެ، ރަސްމީކޮށް މިއިޢުލާނު ކުރެވުނު ޖުމްހޫރިއްޔަތާ ގުޅިގެން، ޖުމްހޫރީ ޤާނޫނުއަސާސީ ފާސްވުމުމާއެކު،  ފަސްވަނަ އަސާސީއެއް ކަމަށް ގުނޭ، އަސާސީއުވުނީއެވެ.

އާދެ! ދިވެހި ޖުމްހޫރިއްޔާގެ ހަވަނަ އަސާސީހިންގަން ފެށުނީ، 14 ރަބީޢުލްއާޚިރު 1372ހ، 1 ޖެނުއަރީ 1953މ. ވީބުރާސްފަތި ދުވަހުއެވެ. މިއީ ދިވެހިންދުށް ފުރަތަމަ ޖުމްހޫރިއްޔަތުގެ ޤާނޫނު އަސާސީއެވެ. ތަޞްދީޤު ކުރެއްވީ، ވަލިއްޔުލްއަމްރު މުޙައްމަދު އަމީންދީދީ، (ފުރަތަމަ ރައީސުލްޖުމްހޫ ރިއްޔާ) އެވެ. އުވުނީ، 11 ޛުލްޙައްޖާ 1372ހ، 21 އޯގަސްޓު 1953މ. ގައި ގެނެވުނު އިންޤިލާބާ ގުޅިގެން، އަލުންރާއްޖޭގައި ރަސްކަމެއް ޤައިމު ކުރުމުގެ ގޮތުން، 25 ޖުމާދަލްއައްވަލު 1353ހ، 31 ޖެނުއަރީ 1954މ. ގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން، އާއަސާސީއެއް ފާސްކުރުމުން ނެވެ.

އަޅުގަނޑުމެންނަށް ކަށަވަރުވެ އެނގޭގޮތުގައި، ހިޖުރީން 535 ވަނައަހަރުން ފެށިގެން 1372ހ، ވަނައަހަރައި ޖެހެންދެން ދިވެހި ދައުލަތްދެކެމުން އައީ ވިރާސީއިންތިޚާބީ ރަސްކަމެކެވެ. ތިޔަބޭފުޅުން ވެސްހަދުމަފުޅު ހުންނާނެ ފަދައިން، ލޮބުވެތި ދިވެހީންގެ ހިތްތަކުގެ ތަސައްލީ އާކޮށްދިން، އުޖާލާރީތި ރާގުތަކުން، ރޯޝަނީވި އުންމީދުތަކެއްގެ ތަރާނާތައް ހަރުއަޑުން އިއްވަމުންއައި، އަޅުގަނޑުމެން ދިވެހީންގެ ފުރަތަމަ ޖުމްހޫރިއްޔަތު، މިއަމާންޖައްވަށް ނޭވާލީ، 1372ހ. ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ، 14 ވީބުރާސްފަތި ދުވަހެވެ. އެހެނަސް ވެގެންދިޔަގޮތަކީ، ވަރަށްކުރުކުރު ޙަޔާތެއް ވެއަތުކުރުމަށް ފަހު، ކަށްވަޅުގެ ދާނުގައި ރާއްޖޭގެ ފުރަތަމަ، ޖުމްހޫރިއްޔަތު ވަޅުލެވުނީ، 1372ހ، ވަނައަހަރުގެ ބަރަކާތްތެރި ޛުލްޙިއްޖާ މަހުގެ، 11 ވަނައަށްއައި ހުކުރުދުވަހުގެ ހުކުރު ނަމާދަށް ފަހުގައެވެ. މިއީ އެންމެ، 7 މަހާއި 26 ދުވަހުގެ، ވަރަށްކުރު މުއްދަތަކަށް، ހިންގުނު ޖުމްހޫރިއްޔަތެ ކެވެ. ކަންމިހެން ދިމާވިޔަސް، ޖުމްހޫރިއްޔަތުގެ އަޑުތައް، އުޖާލާކަމާއެކު، ރީތިތަހުޒީބީ ގުލްޝަން ތަކެއް ސިފަކޮށްދިން ތަރާނާ ތަކަކަށްވެގެން ދިވެހީންގެ ޖައްވުތެރެއަށް ފޭދިގެން ދިޔަކަމީ، ތާރީޚުހެކިދޭ ކަމެކެވެ. މިތާރީޚީ ތަރާނާ ތަކުގެތެރޭގައި، ދިވެހީންގެ ހަދާނުން ކެހިގެން ނުދާނެ ހާދިޘާތަކެއް، ދިރިދިރި އެބަހުއްޓެވެ. 1371ހ، ވަނައަހަރުގެ ޛުލްޤަޢްދާ މަހުގެ، 13 ވަނަ ދުވަސްޚާއްޞަވީ، ދިވެހި ދައުލަތުގެ މަޙުކަމާ އެއްގައި ލިޔާމީހުންގެ ގޮތުގައި އަންހެން ކުދިން ގެންގުޅުއްވަން ފެއްޓެވި، ދުވަހުގެ ގޮތުގައެވެ. އަދި އެއަހަރާއި އެމަހުގެ، 14 ވަނަ ދުވަހަކީ، ޖިންސުއްލަޠީފުންގެ ތެރެއިން “ވަކިބަޔަކަށް” ސާޅި އެޅުމުގެ ހުއްދަދެއްވި ދުވަހެވެ. ހަމަ އެއަހަރުގެ އެމަހުގެ، 23 ވަނަ ދުވަހަކީ، ރައްޔިތުން މަޖިލީހުގެ އެންމެފަހު ޖަލްސާކުރެވުނު ދުވަހެވެ. މިޖަލްސާ ނިމުނީ، މަޖިލިސް އުވާލެއްވު މަށް، ވަލިއްޔުލް އަމްރު ފޮނުއްވި ފަތްކޮޅު ސެކްރެޓަރީ އިއްވުމަށް ފަހުގައެވެ. އަދި އެދުވަހަކީ، ޚާއްޞަދުވަހަކަށް ވެގެންދިޔައީ، އުއްތަމަ ފަނޑިޔާރު މަނިކުފާނު ފަޞީލަތުއްޝައިޚު ޢަބްދު ﷲ ޖަލާލުއްދީނަށް “ޝައިޚުލްއިސްލާމު” ކަމުގެ މަތިވެރި ނަންފުޅު، ވަލިއްޔުލްއަމްރު ދެއްވި، ދުވަހަށްވީ ތިއެވެ. މިކަންތައްތައް މިގޮތަށް ހިނގަމުން ދިޔައިރު ޖުމްހޫރީ ދަރުބާރަށްޓަކައި ރާއްޖެތެރޭގައްޔާއި، ވަކިން ޚާއްޞަކޮށް ފުރަމާލޭގައި، ޖޯޝާއި ފޯރީގައި މަސައްކަތްތަކެއް ހިންގެމުން ދިޔައެވެ. ރާއްޖެތެރޭ ގައި ރީތިމުބާރާތަށް ކުދިންހޮވުމާއި ބަށިމުބާރާތަށް ޓީމުތައް ރޭވުން ހިނގަމުން ދިޔައެވެ. 1372ހ، ވަނަ އަހަރުގެ ޤައުމީދުވަހަކީ، މާލޭގެ ދާރުލްއާޘާރު ހުޅުވުނު ދުވަހެވެ. އެއަހަރުގެ ހަމައެމަހުގެ، 12 ވަނަ ދުވަހަކީ، ދާރުލްޢުލޫމު ހުޅުވުނު ދުވަހެވެ. މިފޯރިގަނޑު ތެރޭގައި އަމީންދީދީ ހުންނެވީ، ޙަރަކާތްތަކުގައި އަވަސް ވެވަޑައިގެން ފައެވެ. ގިނަކަންތައް ތަކެއް ފުރިހަމަ ނުކުރެއްވިގެން އުޅުއްވާ ބޭފުޅެއްގެ ޙަރަކާތް ހުންނަހެންނެވެ. އަބަދުވެސް އުޅުއްވާނީ، ކޮންމެކަމެއް ވެސް، އަވަސްނުވެ ގެންނެވެ. ޖުމްހޫރިއްޔަރުގެ ތަންކޮޅެއް ކުރީއްސުރެން ފެށިގެން ޞިއްޙީޙާލު ކޮޅުވަނީ، ވަރަށްބޮޑަށް ގޯސްވެދަށަށް ގޮސްފައެވެ. ހަކުރުބަލީގެ އުނދަގޫތައް ކުރިމަތިވެފައެވެ. ކުރިން ހުރިތޫނު ވިސްނުންފުޅަށް ކޮށިކަން އަންނަމުންދިޔައީ ވަރަށްބޮޑަށެވެ. މިޒާޖުހުރިގޮތުން އަމީނުގެ މަސައްކަތްޕުޅަށް ލުޔެއްގެން ނެވުމަކަށް، ނުވަތަ މަޤާމުން ދުރުވެވަޑައި ގަތުމަކަށް، ހިތްޕުޅަށް ފަސޭހަކަމަކަށް ނުވިއެވެ. މިފަދަ ދަނޑި ވަޅެއްގައި އަރިހުގައި ކުރިއަށް ތިއްބެވި މީހުންގެ ތެރެއިން އަރިސްބަޔަކު ޤަޞްދުކުރީ، ވަރަށް ނޭދެވޭ ގޮތަކަށް ފުރުޞަތުގެ ބޭނުންކުރު މަށެވެ. ތެދުވެރިކަމާއެކު، ލަފާ ދެންނެވުމެއް ނެތި، އަދި ކަންހުރިގޮތް ފާޅުކޮށް ދިނުމެއްނެތި، އަމީންދީދީ މަޤާމުންދުރު ކުރެވޭނެ ވަޤުތެއްމަތި ކުރުމަށެވެ. އެހެންކަމުން ދަނޑިވަޅު ހޯދައިގެން އެފުރުޞަތުގެ ބޭނުންހިފީއެވެ. މިކަންކުރިގޮތަކީ، ޙަރަކާތްތެރިވެ ނުއުޅުއްވޭ ފަދަ ކުއްލި އާލާސްކަން ފުޅެއް މެދުވެރިވެގެން، އެކަމަށްފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތްވަޤުތު، އަމީންދީދީ މަޤާމުން ވަކިކޮށްލުމެވެ. މާލޭގައި ރައްޔިތުން ނެރެ، ގުޅަކުޅޭފަސް ގަނޑަށް އެއްކޮށް، އިންޤިލާބުކޮށް، ސަރުކާރު ބަދަލުކޮށް ލީއެވެ. އެއީ، 21 އޯގަސްޓު 1953މ، ގައެވެ. އާދެ! މިއިންޤިލާބައި ހަމައިން މުތަޤައްދިމު ޕާޓީގެ ޙަރަކާތްތައް ހުއްޓިވަޅު ޖެހުނުގޮތައް އަދިއަދައި ހަމައަށްވެސް އެޕާޓީ އެއޮތީ އެގޮތަށެވެ. އޭގެފަހުން އެޕާޓީއާބެހޭ އެއްވެސް ރަސްމީ އިޢުލާނެއް ނުނެރެއެވެ. އިންޤިލާބުގެ އަޑީގައި މިޕާޓީގެ އެންމެއިސް ބައެއް ބޭފުޅުން ތިއްބެވިއެވެ. އެކްޓިވިސްޓުން ވެސް އުޅުނެވެ. މިއީ، ރާއްޖޭގެ ތާރީޚުދުށް ފުރަތަމަ ސިޔާސީޕާޓީ އޮތްޙާލެވެ. މިއިންޤިލާބައި ވިދިގެން ޖުމްހޫރީ ޤާނޫނުއުވާލާއި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްދަކުރިއެވެ. އަދި މެރުމާއި އަތްކެނޑުމުގެ ޤާނޫނުވެސް އުވާލިއެވެ.

އާދެ! ރައީސް މައުމޫނަށްވެސް، އަމީންދީދީ އަށް ދިމާވިދެކަން ތަކުން އެއް ކަންތައްވަނީ، އިންތިހާ ދަރަޖައަށް ދިމާވެފައެވެ. ވަށައިގެން ކަނޑުމަތިއަޅާފައެވެ. ސިޔާސީ އުދަރެސް ބަނައެވެ. ތެދުވެރިކަމާ އެކު، ހެޔޮހިތުން ލަފާދަންނަވާނެ މީހަކުނެތެވެ. އަރިހުގައި އިސްކޮށް ތިއްބެވީ، ބޮޑުންގެ ތަފާތު އެކިއެކި ޤުރޫޕުތަކަށް ބެހިފައިވާ، ޒަޢީމު މައުމޫނުގެ ޑީއާރުޕީއަށް، ނިސްބަތްވެގެން ތިއްބެވި އަމިއްލަ އެދުމުގެ ބޭފުޅުންނެވެ. ނިއުމޯލްޑިވްސް އުފެދިއްޖެއެވެ. މިބޭފުޅުންގެ ހިތުގެ އެތެރެފުށް، އަދިފަޅައެއް ނާރައެވެ. މިއީ ރާވައިގެން ވަކިފަރާތަކަށް ނުޖެހިތިބި ލީޑަރުންނަށް ދައްކާދަޅަ އަކަށް ވިޔަސް ކޮންޓުރޯލުން ނެއްޓުމަކީ، ހަމަވަރަށް ގާތްކަމެކެވެ. ކުރީފަހަރު ދެއްކިދަޅަ ކޮންޓުރޯލުން ނެއްޓި، ނިމިގެންދިޔައީ، ސިއްސުވާލާ ފައެވެ. ރިޔާސީގަނޑުވަރު ތެރެހަލަބޮލި ކޮށްލާފައެވެ. މުޅިރޭ ގަނޑެއްގައި ހޭލާތިބެ ހުވާކުރުވުމަށް ފަހު، މަހުޖަނަކު ލައްވާފައިސާ ބަހައިގެން އުޅެނިކޮށްވެސް، 18 ވޯޓުހޯދައި ކާމިޔާބުކުރިއެވެ. މިހުރީ ދައްކާސިޔާސީ ދަޅަތަކުން ފެނިފައިހުރި ނަތީޖާއެވެ. ބަންޑާރަ ނައިބާއި އުއްތަމަ ފަނޑިޔާރުލައްވާ ކޯޅުންގަނޑެއްގެ ދަޅައެއް ދެއްކިދާނެއެވެ. ސިޔާސީ މަސްރަޙަށް އާވަށްތަރު ވަށްތަރުގެ އެންއުކިދާނެއެވެ. ނޭނގިތިއްބާ ބޮޑުމަސް ތިލަވާފަހަރު ވެސް އަންނާނެއެވެ. ރައީސް މައުމޫނުގެ ޅިޔަނު އައްބާސް އިބްރާހީމުގެ “އާފަތިސް” ނޫހުގެ (27 ފެބަރުއަރީ 2007) އަންގާރަ ދުވަހުގެ އެޑިޓޯރިއަލްގައި ހަނގުރާމަ އެއްގޮތުގައި ސިފަކޮށް “ވަޒީރުންގެ ޗަރުކޫހެއް ބާވައެވެ.” ލިޔުއްވައި ބޮޑުނައިބު ބޭކަލުންގެ ކޯޅުންގަނޑުގެދަޅަ ބޮޑުކޮށް ފެތުރި ދާނެއެވެ. ބޭޒާރު މިކުރެއްވެނީ، އަމިއްލަ ފަތިފުށްކަން ހަދާނެއްނުވެއެވެ. މިފަދަ ކަންތަކުން ސިޔާސީ މުދައްބިރުންގެ ގާތަށްއަންނާނީ، އަޑުގަދަކޮށް ހިންޏެވެ. ފަހެ، ކުރާނެފައިދާ އެއްނޯންނާނެއެވެ. މާލަސްތަކެއް ނުވެޙަޤީޤަތް ފާޅުވެބޭޒާރު ވެދާނެއެވެ. ހަމަކޮންމެ މިނެއްޓެއް ގައިވެސް ހަމަކޮންމެ ސިކުންތެއް ގައިވެސް، ކޮންޓުރޯލު ނުވާވަރުގެ އިންތިހާދަރަ ޖައިގެ ބޮޑުކަންތައް ގަނޑެއް މެދުވެރިވެ، އިންޤިލާބީ ޙާދިޘާއެއް މެދުވެރި ވެދާނެ ކަމުގެ ބިރު ނެތެކޭދެންނެ ވޭކަށްނެތެވެ. ގިނަރައްޔިތުންގެ ހިތްތައްވަނީ، ނަފުރަތުވެ ފޫހިވެފައެވެ. މިވާގޮތަކީ، ދޮންވެ އަސްލުކުލަ ޖެހެނީއެވެ. ނުބިނދެވި ގަހުގައި، މާގިނަދުވަހު އިނީމައި، މާބޮޑަށް ދޮންވެ ފައްކާވަނީއެވެ. ދޮންވެ ފައްކާވީމައި ބިނދެލާނެ ހިތްވަރާއި ކުޅަދާނަކަން ހުރިބާރެއް ސިޔާސީ ޖައްވުތެރެއިން އުފެދޭނެއެވެ. ޒަޢީމަކު އުފެދޭނެއެވެ. ފެންނާނެއެވެ.

އާދެ! ވެރިމީހާގެ އިސްތިޤުބާލަށް އޮންނަ ދިގުސަފުގައި ތިބޭ، 98 ޕަސެންޓަކީ، ބަދަލަކަށް އެދި އިޙްސާސްތައް ތާޒާކުރަމުން ގެންދާމީހުންނެވެ. ބައެއްފަހަރު ހީބިހިނަގައިގަނެ، ތުރުތުރުއަޅައި ގަންނަހިސާބަށް ދާމީހުންވެސް މަދެއްނޫނެވެ. މިފެންނަނީ އެއްގޮތަ ކަށްވެސް ފައިސާއިން ފިނިކޮށް ލެވޭނެ ޝުޢޫރުތަކެއް ނޫނެވެ. މަރާލެވޭނެ އިޙުސާސް ތަކެއްނޫނެވެ. އެއަށްވުރެ ވިންދު މާވަރުގަދައެވެ. ފައިސާއަކީ، ﷲ ދެއްވާއެއް ޗަކަށްވެފައި، ރައްޔިތުންގެ ޚަޒާނާއިން ނަގާއެއް ޗެއްކަން އިނގޭތީ އެންމެންވެސް ހިފާނެއެވެ. އަދި ލިބި ގަންނާނެއެވެ. ފައިސާއިން ކުޅެވޭޒަމާނަށްވުރެ، މިހާރުގެ އިންސާނުން ކުރިއަށް ޖެހިލައިފިއެވެ. މިނުކުތާ ތަކަކީ، ރައީސް މައުމޫނުގެ ވިސްނުންފުޅަށް އަޅުގަނޑު ދޫކޮށްލާ ވަރަށްމުހިންމު ވާހަކަ ކޮޅެކެވެ. ހުސް ވަގުތުކޮޅެއްގައި މިވާހަކަތަކަށް ވިސްނާލެއްވުމަށެވެ.

އާދެ! ރާއްޖެދުށް ފުރަތަމަ ޖުމްހޫރިއްޔަތު، ވަރަށްޅަފަތުގައި ވެއްޓި، އަލުން ރަސްކަމެއް ބިނާކުރެވުނީއެވެ. ޖުމްހޫރިއްޔަތަކުން، ރަސްކަމަކަށް ވެރިކަން ބަދަލުކޮށްލައި ޢާއްމުވޯޓަކުން، ވަރަށް ތަނަވަސް އަޣްލަބިއްޔަތެއް ލިބިގެން ރަސްކަލަކަށް އިންތިޚާބުކުރީ، އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެ ފާނުގެ ދޮށީދަރިކަލުން، އަދި އަލްއަމީރު މުޙައްމަދު އަމީންދީދީގެ ދެބޭންގެ ދެދަރި ބޭފުޅާ، މުޙައްމަދު ފަރީދު ފާށަނާކިލެގެ ފާނެވެ. 1968މ، ގެތެރޭގެގައި ދެވަނަފަހަރަށް، ޖުމްހޫރިއްޔަތަށް ބަދަލުވާންދެން ރަސްކަމުގައި ހުންނެވީ އެރަދުންނެވެ. އަދި އެރަދުންނަކީ، ދިވެހި ރާއްޖޭގެ އެންމެފަހުގެ ކީރިތިމަހާރަ ރަދުންނެވެ. ބޮޑުވަޒީރަކަށް ހަމަޖެހުނީ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. ކިލެގެފާނަށްފަހ، ދިވެހި ދައުލަތުގެ ބޮޑުވަޒީރުކަން، އޭރުގެ ވަޒީރުލްދާޚިލިއްޔާ އިބްރާހީމް ނާޞިރަށް ލިބިވަޑައި ގަތެވެ.

އާދެ! ރާއްޖޭގައި، 7 ވަނަ އަސާސީއެއް ހިންގަންފެށީ، 1 ރަޖަބު 1373ހ، 7 މާޗު 1954މ. ގައެވެ. ތަސްދީޤު ކުރެއްވީ، އަލްސުލްޠޯނު މުޙައްމަދު ފަރީދު އަލްއައްވަލެވެ. މިއީ ފުރަތަމަ ޖުމްހޫރިއްޔަތު، އިންޤިލާބު ކޮށްލުމަށް ފަހު، އަލަށް ފާސްކުރި އަސާސީއެވެ. އުވުނީ، 20 މެއި 1964މ، ގައި ރައްޔިތުންގެ ޚާއްޞަމަޖިލީހުން އަސާސީއަށް ގެނެވުނު އިސްލާހަކާ ގުޅިގެންނެވެ.

އާދެ! 8 ވަނަ އަސާސީހިންގަން ފެށީ، 23 މުޙައްރަމް 1384ހ، 14 ޖޫން 1964މ. ގައެވެ. ތަޞްދީޤު ކުރެއްވީ، އަލްސުލްޠޯނު މުޙައްމަދު ފަރީދު އަލްއައްވަލެވެ. އުވުނީ، 8 ޖުލައި 1967މ، ގައި އޮތް ރައްޔިތުންގެ ޚާއްޞަ މަޖިލީހުން އަސާސީއަށް ގެނެވުނު އިޞްލާޙާ ގުޅިގެންނެވެ.

އާދެ! ބޮޑުވަޒީރު ކަމުގައި ހުންނެވި، އަލްއަމީރު އިބްރާހީމް ނާޞިރު، 26 ޖުލައި 1965މ، ގައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއް ވުމަށްފަހު، ދެން މަސައްކަތް ފެއްޓެވީ، ދިވެހިރަސްކަން  ޖުމްހޫރިއްޔަތަކަށް ބަދަލު ކުރެއްވޭތޯއެވެ. ވަޒީރުންގެ މަޖިލީހުގައި، މިމައްސަލައިގާ ބަހުޘް ކުރެވުނީ، 1967މ، ވަނަ އަހަރުއެވެ. މިމަސައްކަތްޕުޅު، ރައްޔިތުންގެ މަޖިލީހައި ހަމައަށް ގެންދަވައި އެމަޖިލީހުން، ރާއްޖޭގައި އޮންނަންފެން ނަނީ، ޖުމްހޫރިއްޔަތެއް ކަން ފާސްވުމާ ގުޅިގެން، ރާއްޖޭގައި އޮންނަން ފެންނަނީ، ޖުމްހޫރިއްޔަތެއްތޯ ނުވަތަ ރަސްކަމެއްތޯ ބެލުމަށް ރައްޔިތުންގެ ޢާއްމުޚިޔާލު ހޯދުމުގެ ދެވަނަ ވޯޓުނެގުނީ، 15 މާޗް 1968މ، ވަނަ ދުވަހުގައެވެ. 36997 މީހުން ވޯޓުދިނީ، ޖުމްހޫރިއްޔަތެއް އޮން ނަންފެންނަ ކަމަށެވެ. ރަސްކަން އޮންނަންފެންނަ ކަމަށް ވޯޓުދިނީ، 8551 މީހުންނެވެ. މިއީ ނާޞިރު އިސްކޮށް ހުންނަވައިގެން ދިވެހި ޤައުމަށް ކޮށްދެއްވި އަގުހުރި ވަރަށްބުރަ މަސައްކަތެކެވެ. ނާޞިރުގެ ތޫނުވިސްނުން ފުޅުން، އަމީންދީދީގެ ތަޞައްވުރު ދެނެވަޑައިގެން، ކޮށްދެއްވި ކޮޅެއްނެތްހައި މަތީދަރަޖައެއްގެ ބުއްދިވެރި މަސައްކަތް ޕުޅެކެވެ. ސާބަސްދިނުން ޙައްޤެވެ. ތީހަމަނާޞިރެކެވެ. މިނިވަންކަމުގެ ބައްޕައެވެ. އަޅުގަނޑުމެން ދިވެހިންގެ ފަޚުރުވެރި ބަތޮލެކެވެ.

އާދެ! ނުވަވަނަ އަސާސީ ހިންގަންފެށީ، 2 ރަބީޢުލްއާޚިރު 1387ހ، 10 ޖުލައި 1967މ. ގައެވެ. ތަޞްދީޤުކުރެއްވީ، ޖަލާލަތުލްމަލިކު މަޙައްމަދު ފަރީދު އަލްއައްވަލެވެ. މިއަސާސީ އުވުނީ، ދިވެހި ރާއްޖެއަށް ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤައިމުކުރުމުން ނެވެ. އެއީ، 19 ރަބީޢުލްއާޚިރު 1388ހ، 15 ޖުލައި 1968މ. ގައިއޮތް ރައްޔިރުންގެ ޚާއްޞަމަޖިލީހުން، ފާސްވިފާސްވުމާ ގުޅިގެންނެވެ.

އާދެ! 10 ވަނަ އަސާސީ ހިންގަންފެށީ، 20 ޝަޢުބާން 1388ހ، 11 ނޮވެންބަރު 1968މ. ވީހޯމަ ދުވަހުއެވެ. ތަޞްދީޤު ކުރެއްވީ، ރައީސުލްޖުމްހޫ ރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނެވެ. އުވުނީ، 23 އޭޕްރީލް 1970މ، ގައިއޮތް ރައްޔިތުންގެ ޚާއްޞަމަޖިލީ ހުން ގެނެވުނު އިޞްލާޙާ ގުޅިގެންނެވެ. މިގެނެވުނު އިޞްލާޙުތަކަށް ޢަމަލު ކުރަންފެށީ، 26 އޭޕްރީލް 1970މ، ވަނަ ދުވަހުން ފެށިގެންނެވެ.

އާދެ! އަސާސީއަށް ގެނެވުނު، މިބޮޑުބަދަލާ ގުޅިގެން ދިވެހި ޖުމްހޫރިއްޔާގެ ފަރަތަމަ ރައީސުލް ޖުމްހޫރިއްޔާ އަކަށް ހުންނަންފެންނަ ބޭފުޅަކު ހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ ސިއްރުވޯޓު ނެގުނީ، 9 ސެޕްޓެންބަރ 1968މ. ގައެވެ. ނާޞިރަށް ލިބިލެއްވީ، 35 ވޯޓެވެ. އަލްއުސްތާޛު މޫސާފަތުޙީ އަށް އެއްވޯޓެވެ. ޙާޟިރުވެ ތިއްބެވީ، 36 މެންބަރުންނެވެ.  ޢާއްމުއިންތިޚާބު ބޭއްވުނީ، 27 ސެޕްޓެންބަރ 1968މ، ގައެވެ. ފެންނަކަމަށް ވޯޓު ދެއްވި މީހުންގެ ޕަސެންޓަކީ، 97.16 އެވެ. މިއިންތިޚާބުގައި ވޯޓުދިން މީހުންގެ ޕަސެންޓަކީ، 89.77 އެވެ.

އާދެ! 11 ވަނަ އަސާސީ ހިންގަންފެށީ، 20 ޝަޢުބާން 1388ހ، 11 ނޮވެންބަރ 1968މ، ގައެވެ. ތަޞްދީޤުކުރެއްވީ، ރައީސުލް ޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. މިއަސާސީއަށް ޢަމަލުކުރަން ފެށުނީ، 23 އޭޕްރީލް 1970މ، ގައި ގެނެވުނު އިސްލާހުތަކަށް، 26 އޭޕްރީލް 1970މ. ވަނަ ދުވަހުގައި ޢަމަލުކުރެވެން ފެށިހިސާބުންނެވެ. އުވުނީ، ވަޒީރުލް އަޢުޡަމްގެ މަޤާމު އުފެދި އެކަމާގުޅޭ ބައެއް އިޞްލާޙުތައް، 2 ފެބްރުއަރީ 1972މ، ގައިގެނެވި، 1 އޯގަސްޓު 1972މ، ގައި ޢަމަލުކުރަން ފެށުމުންނެވެ.

އާދެ! 12 ވަނަ އަސާސީ ހިންގަން ފެށުނީ، 20 ޝަޢުބާން 1388ހ، 11 ނޮވެންބަރ 1968މ، ވަނަ ދުވަހުގައެވެ. ތަޞްދީޤު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމްނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. މިއަސާސީއަށް ޢަމަލުކުރަން ފެށުނީ، 1 އޯގަސްޓު 1972މ، ގައި ގެނެވުނު އިޞްލާޙަށް، ޢަމަލުކުރަންފެށި ހިސާބުންނެވެ. އުވުނީ، 15 އޭޕްރީލް 1975މ، ގައިއޮތް ރައްޔިތުންގެ ޚާއްޞަމަޖިލީހުން ގެނެވުނު، އިޞްލާޙާގުޅި ގެންނެވެ. މައިގަނޑު އިޞްލާޙަކީ، ވަޒީރުލްއަޢުޡަމްގެ މަޤާމު އުވާލުމެވެ.

އާދެ! 1968މ، ވަނަ އަހަރުގައި ހިންގަންފެށުނު އަސާސީއަށް ދެފަހަރެއްގެ މަތިން ބޮޑުވަޒީރުގެ މަޤާމު އުފެއްދުމަށާއި އުވާލުމަށް ގެނެވުނު އިޞްލާޙާގުޅިގެން، 11 ވަނަ، އަދި 12 ވަނަ އަސާސީކަމަށް ބެލެވި އެގޮތަށް ގުނެންފެށީއެވެ. ޖުމްހޫރީ ވެރިކަމުގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމްނާޞިރު ވެރިކަން ދޫކޮށް ލައްވަންދެން އޮތީ، މިއަސާސީއެވެ. ރައީސް ނާޞިރުގެ ދެވަނަ ދައުރުގެ ރިޔާސީ އިންތިޚާބުގެ، ރައްޔިތުންގެ މަޖިލީހުގެ ސިއްރުވޯޓު ބޭއްވުނީ، 12 އޯގަސްޓު 1973މ، ވަނަ ދުވަހުއެވެ. ރައީސް ނާޞިރަށް ލިބިލެއްވީ، 39 ވޯޓެވެ. އަޙުމަދުޒަކީ އަށް، 1 ވޯޓެވެ. ޙަސަން ޒަރީރަށް، 1 ވޯޓެވެ. ޢަބްދުލްސައްތާރު މޫސާދީދީ އަށް، 1 ވޯޓެވެ. ޢަބުދުﷲ ޙަމީދަށް، 1 ވޯޓެވެ. ބާޠިލު، 1 ވޯޓެވެ. ޙަޞިރުވީ، 44 މެންބަރުނަނެވެ. ޢާއްމުއިންތިޚާބު ބޭއްވުނީ، 21 ސެޕްޓެންބަރ 1973މ، ވަނަ ދުވަހުގައެވެ. ފެންނަކަމަށް، 76.55 ޕަސެންޓެވެ. ވޯޓުދިން ޕަސެންޓަކީ، 82.11 އެވެ.

އާދެ! ރައީސްނާޞިރުގެ ތިންވަނަ ދައުރަކަށް ރިޔާސީއިންތިޙާބުގެ، ރައްޔިތުންގެ މަޖިލީހުގެ ސިއްރުވޯޓު ނެގުން ބޭއްވުނީ، 11 ޖޫން 1978މ، ވަނަ ދުވަހުއެވެ. ރައީސް ނާޞިރަށް ލިބިލެއްވީ، 41 ވޯޓެވެ. (މިހާރުގެ ރައީސް) މައުމޫނަށް، 3 ވޯޓެވެ. ޢަބްދުލްސައްތާރު މޫސާދީދީއަށް، 1 ވޯޓެވެ. ޢަބްދުލްޙައްނާނު ޙަލީމަށް، 1 ވޯޓެވެ. ޙާޟިރުވީ، 46 މެންބަރުންނެވެ. މިނަތީޖާއަށް ފަހުގައި، ރައީސް ނާޞިރު އިސްތިޢުފާދެއް ވުމުން، ވެރިކަމުގެ މިދައުރަށް، ދެވަނަފަހަރަށް މަޖިލީހުގެ ސިއްރުވޯޓު ބޭއްވުނީ، 16 ޖޫން 1978މ، ދުވަހުއެވެ. މައުމޫނަށް ލިބިލެއްވީ، 27 ވޯޓެވެ. ޢަބްދުލް ސައްތާރުމޫސާ ދީދީއަށް 10 ވޯޓެވެ. ނާޞިރަށް، 4 ވޯޓެވެ. އިބްރާހީމް ރަޝީދަށް، 2 ވޯޓެވެ. ޢަބްދުލްޙައްނާނު ޙަލީމަށް، 1 ވޯޓެވެ. ޢަދުނާނު ޙުސައިނަށް، 1 ވޯޓެވެ. ޙާޟިރުވީ، 47 މެންބަރުން ނެވެ. ރައްޔިތުންގެ ޢައްމުއިންތިޚާބު ބޭއްވުނީ، 28 ޖުލައި 1978މ، ގައެވެ. ފެންނަކަމަށް، 92.96 ޕަސެންޓު ލިބުނެވެ. ބާޠިލު، 2 ވޯޓެވެ. ވޯޓުދިން ޕަސެންޓަކީ، 80.36 އެވެ. މިއީ ޖުމްހޫރީ ވެރިކަމުގެ ތިންވަނަ ރައީސުލް ޖުމްހޫރިއްޔާ ކަމަށް، އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމު އަލަށް ހޮވިވަޑައިގަތް ފަހަރެވެ. ފުރަތަމަ ބުރުގައި، 3 ވޯޓު ދެއްވި ތިންބޭފުޅުންނާއި ފަހުބުރުގައި ބާޠިލު، 2 ވޯޓު، ދެއްވި މެންބަރުންނަކީ، ފާހަގަކޮށްލެވޭ ޢިއްޒަތްތެރީން ނެވެ.

ދިވެހިތާރީޚުގެ މިފައްތަރަށް ވިސްނުމާއި ފިކުރު ހިންގާލާއިރު، ސިޔާސީ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ކުރެވޭ އިޙްސާސެއްގެ ވާހަކަ ދަންނަވާލާ ހިތްވެއެވެ. ކިޔުންތެރިންނައި ޙިއްޞާ ކޮށްލުމުގެ ބޭނުމުގައެވެ. ރައީސް ނާޞިރު، ރާއްޖޭގެ ރައީސްކަމަށް، 3 ވަނަދައުރަކަށް މަޖިލީހުގެ މެންބަރުން އަމިއްލަފުޅަށް، ހުށަހަޅުއް ވައިގެން، އެމަނިކުފާނަށް، ރައްޔިތުންގެ މަޖިލީހުން، 41 ވޯޓު ކާމިޔާބު ކުރެއްވުނުއިރު، މައުމޫނަށް ލިބިލެއްވީ އެންމެ، 3 ވޯޓެވެ. މިނަތީޖާއަށް ބަލާއިރު ވިސްނެނީ، މިޞްރުގެފަހު ދަވަސް ވަރުގައާއި، މިނިސްޓަރަކަށް ހުންނެވިއިރު، އެންދެރިމާގޭ ތެރޭގައި ހިންގުނު ކެންޕޭނުތަކުގެ މާބޮޑުއަސަރެއް މިވޯޓަށްކޮށްފައި ނެތްކަމެވެ. ވޯޓުގެ މިބުރާގުޅޭ ޙަރަކާތްތައް ހިންގުނީ އެންދެރިކޭންޕުން ވަރަށްސިއްރު ކޮށެވެ. ހެންވޭރު މީނާޒުކޭންޕުން އެވަޤުތުމިބައި، އޮތީ އެންދެރިކޭންޕުގެ ބޮޑުންނަށް މުޅިންދޫކޮށް ލައްވާފައެވެ. އެހެނަސް ނާޞިރު އިސްތިޢުފާ ދެއްވުމައި ވިދިގެން ވަރަށް ފޯރިއާއެކު، މީނާޒުކޭންޕުގެ ޙަރަކާތްތައް އައިސް ބާރުސްޕީޑްގައި ފެށިހިނގައި ގަތެވެ. އަލްމަރުޙޫމް ސިއްކަގޭ ޙުސައިން މަނިކުފާނުގެ ސިޔާސީދުވުން ތަކެއް ކޮޅުކޮޅު މައްޗަށް ރޭވިފައިއޮތެވެ. ގިނައިން ފެންނަނީ ޢިއްޒަތްތެރި މެންބަރުންގެ ފަހަތުން ފެނިދެނިވާތަނެވެ.

އާދެ! ރައީސްނާޞިރު ދުރަށްޖެހި ވަޑައިގަތުމުން ދެން ނެގުނު، މަޖިލީހުގެ ސިއްރު ވޯޓުގައި މައުމޫނަށް، 27 ވޯޓު ލިބިވަޑައި ގަތުމުގެ ނަތީޖާއަކީ، ސިޔާސީގޮތުން ބަޔަކު ބުރަމަސައްކަތް ތަކެއް ކޮށްފައިވާ ކަމެވެ. މީނާޒު ކޭންޕާއި އެންދެރި ކޭންޕުގުޅިގެން ސިޔާސީ މަސައްކަތްތަކެއް ރާވައިގެން ކުރެވުނު ކަމެވެ. ސިޔާސީދުވުން ތަކެއްދުވެފައި ވާކަމެވެ. ޚާއްޞަކޮށް މިދެވޯޓު ދޭތެރޭގައި، ގިނަގުނަ ސިޔާސީކޮށްޕުން ތަކެއް ކޮށްޕާއި، ސިޔާސީ ފުރޮޅުންތަކެއް ފުރޮޅާފައިވާކަމެވެ. އެއްވެސް މަސައްކަތެއް ނުކޮށް، ވެރިކަމުގެ އެއްވެސް ކަމެއްގެ ޚިޔާލެއް ފިކުރެއްނެތް، ސިޔާސީކުޅިތަކުން، ސިކުނޑި މުޅިންހުސް ކޮށްގެން ހުންނެވި، އަލްފާޞިލް ޢަބްދުލްސައްތާރު މޫސާދީދީ، މަޖިލީހުގެ ސިއްރުވޯޓުގައި، 10 މެންބަރެއްގެ ފުރިހަމަ ހަމްދަރުދީ އާއި ލޯބިވަނީ، މިލްކު ކުރައްވާފައެވެ. މިއީ ޢަޖައިބެއްފަދަ ސުވާލުތަކެއް އުފެދޭކަމެކެވެ. ދިރާސާތަކެއް ކުރަންޖެހޭ ވަރުގެ ކަމެކެވެ. އެގޮތްމިގޮތައް ސިޔާސީ ވިސްނުން އަނބުރާލަން ޖެހޭކަމެކެވެ. ރައްޔިތުންގެ ތެރެއިންގިނަ ބައެއްގެ ހިތުގައި، މިފަދަ ލޯތްބަކާއި ހަމްދަރުދީއެއް، އެއްވެސް ކަހަލަ ކެންޕޭނެއް، ކުރުމަކާ ނުލައި އުފެދިފައި އެވަނީ، އެމީހުންގެ ވެރިކަން ކުރުމަށް، އެމަނިކުފާނުގެ ޝަޚުޞިއްޔަތުގައި އެކަށީގެންވާ ޤާބިލިއްޔަތު ފުރިހަމަ ކޮށްހުރުން ކަމުގައި، އަޅުގަނޑުގެ ދިރާސާއަށް ފެނިފައި ވެއެވެ. ފަހަރުގައި ރައީސް އަމީނަށްފަހު، ގައުމުގެ ހުންގާނު ދެއްވުމަށް އަމީނުގެ ވިސްނުންފުޅުގައި އެމަނިކުފާނުގެ ޝަޚްޞިއްޔަތު އޮވެގެން މަސަކަތްތަކެއް ކަރައްވާފައި ވެސް ހުރެދާނެއެވެ. އެމަނިކުފާނު ރާއްޖެއިންބޭރަށް ފޮނުއްވައިގެން، ކިޔަވައި ދެއްވުމުގެ ނިޔަތުގައި މަސައްކަތްޕުޅު ތަކެއް ހަމަޤައިމު ވެސް އަމީންދީދި ކުރައްވާފައި ވެއެވެ. ހަމަ އެހެންމެ ރައީސް ނާޞިރުގެ ހިތްޕުޅުގައި ވެސްވަރަށް ޚާއްޞަކަމެއް، އެމަނިކުފާނަށް ދެވިފައިއޮތްކަން ފާހަގަ ކުރެވެއެވެ. ރައީސް ނާޞިރުގެ ވިސްނުންފުޅައި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކާމިޔާބުކޮށް، ފުރިހަމަ ކުރެއްވުމުގައި އެމަނިކުފާނުގެ އިސްދައުރެއް ހިމެނޭގޮތަށް، މުހިންމު ހުރިހާ ދަނޑިވަޅެއްގައި އަރިހުގައި އެންމެއިސްކޮށް ގެންގުޅުއްވިކަން ސާބިތުވެއެވެ. ވީމާ، އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލަކީ، ވެރީންނާއި ގިނަރައްޔިތުންގެ ހަމްދަރުދީ، އެހާމަތީ ދަރަޖައަކަށް މިލްކު ކުރައް ވައިގެން ހުންނެވި، މަޑުމައިތިރި މިޒާޖެއްގެ މާތްއަޚުލާޤާއި ސުލޫކުގެ ވެރިޔާ، އަބްދުއް ސައްރާރު މޫސާދީދީ، ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުމަށްޓަކައި އެމާތްޚުލްޤާއި ސުލޫކުގެ، ބޭނުން ނުހިއްޕެވީ، ކީއްވެގެން ބާވައެވެ!! ޤިޔާދަތުގެ ޒިންމާއާއި މަސްއޫލިއްޔަތުދެކެ ޖެހިލުންވަނީ ބާވައެވެ! ނޫނީ ބިރުގަންނަނީ ބާވައެވެ! ނުވަތަ އަޙްމަދުޒަކީ އައި ދޭތެރޭގައި ހިނގާދިޔަ ސިޔާސީ ކަންތައްތައް ވަރަށް ގާތުން ދެކިވަޑައިގެން ހުންނެވީތީ، ކުރެވޭ އިހްސާސް ތަކަކުން ފިނޑިވަނީ ބާވައެވެ. ހަމަޤައިމުވެސް އެދުވަސް ވަރަށް ނަޒަރުހިންގާއިރު، ފުރިހަމަ ތަޖުރިބާއާއެކު، ތައްޔާރުވެފައި ހުންނެވި، އަދި ވެރިކަމަށް އެންމެ އެކަށީގެންވާ ޝަޚުޞިއްޔަތަކީ، އެމަނިކުފާނު ކަމަށް ދިވެހިތާރީޚު ހެކިދެއެވެ. އަޅުގަނޑު އެހަގީގަތް ގަބޫލުކުރަމެވެ. އިސްލާމް ދީނުގައި، ޖިހާދު ކުރުންލާޒިމުވާ ގޮތަށް، ވެރިކަންކުރެވޭ ފެންވަރުގެ މީހަކު ވެރިކަމަށް އިސްނެގުމަކީ، ސަވާބުހުރި ޖިހާދެކެވެ. މިޒަމާނަށް ބަލާއިރުކޮންމެހެން ކުރަންޖެހޭނެ ޙައްޤު ކަމެކެވެ. ދީންދެކެ ބިރުވެތިވުމަކީ، ދީނޭނަންގަނެވޭ އިރަށް ބިރުން ތުރުތުރުއަޅައި ގަތުންއެކަންޏެއް ނޫނެވެ. ޖަލުގައިބަޑިޖަހައި މަރާލެވުނު، ޝަހީދުންނާއި އަނިޔާކޮށް، 2003 ސެޕްޓެންބަރ މަހުތެރޭގައި މަރާލެވުނު، ޝަހީދުންނާބެހޭ ރިޕޯޓުން ބައެއް އުނިވެދިއުމާއި އެކަމުގައި އިހްމާލުވި މަސްއޫލު ވެރިންނަށް އެކަށީގެންވާ އަދަބުނުދެވުނީ ވެސް، އެމަނިކުފާނުގެ ނުކެރުމުގެ ތެރެއިން ހިނގާދިޔަ ދިޔަކަމެކެވެ. ފުރިހަމަ ތަހްގީގަކީ، ހަމަހަމަކަމާއެކު ފިޔަވަޅު އަޅަންޖެހޭ އެންމެން ޝަރީޢަތަށް ގެންގޮސް ފިޔަވަޅުތައް އެޅުމެވެ.

އާދެ! އެމަނިކުފާނު، (އަބްދުއް ސައްތާރު މޫސާދީދީ) ރައްޔިތުންގެ ވިންދާއި ޝުޢޫރުތަކާ އެއްގޮތަށް، ރައްޔިތުންނައިގެން ކުރިޔަށް ވަޑައިގަތުމަށް އިސްނެންގެވިނަމަ، މިއަދުދިވެހި ޖައްވުން ފެނިގެންދާނީ، ކޮންކަހަލަ ހޭލުންތެރި ކަމެއްބާވައޭ އަލުގަނޑުގެ ހިތަށް އަރައެވެ!! މިހެންމިދެންނެވީ، މިއަދުވެސް އެމަނިކުފާނު ހެޔޮޙާލުކޮޅުގައި، ދުނިޔޭގައި ހުންނެވީތީއެވެ. މިއިން ލިބޭފިލާވަޅު ތަކަކީ، ލީޑަރޝިޕަށް އެކަށީގެންވާ މީހުންފަހަށް ނުޖެހި، ޤައުމަށް ބޭނުންވާ މުހިންމު ދަނޑިވަޅުތަކުގައި ތައްޔާރަށް ތިބުމަކީ، މުޅިޤައުމުގެ މަޞްލަޙަތަށްއޮތް އެންމެމޮޅު، އަދިފައިދާހުރި ގޮތްކަމަށެވެ. ރައްޔިތުންނަށް ޚިދުމަތްކޮށް ދިނުމުގައި ދެމިހުންނެވުމަށް، އެމަނިކުފާނުގެ އިސް ނެންގެވުމެއް، ޤައުމަށް އެންމެބޭނުން ތެރިވިދަނޑިވަޅު ނުގެންގުޅުއްވީތީ، އެކަމާހިތާމަކޮށް، ބަދުނާމު ކުރާނެ ކޮންމެވެސް ބަޔަކުތިބޭނެ ކަންކަށަވަރެވެ. ޖުމްހޫރީވެރި ކަމެއްގައި މަލްޓިޕާޓީ ސިޔާސަތެއްގެ އެންމެ ފުރިހަމަ ފައިދާއަކަށް ވާނީ، ޢަބްދުއްސައްތާރު މޫސާދީދީ ފަދަ ޝަޚުޞިއްޔަތު ތަކާއި ރައްޔިތުންނާ، ކާރިކުރުމެވެ. ފަރުދުންގެ ޤާބިލިއްޔަތު، ޖަމާޢަތުގެ ފައިދާއަށްޓަކައި، ބާރުގަދަޕާޓީ އެއްގެ ސިފައިގާ، ނުކުތުމެވެ. އެދުވަސްވަރު ޕާޓީނިޒާމު ސިޔާސަތު، ތަޢާރުފު ވެފައި އޮތްނަމަ، އެމަނިކުފާނަށް، ފިނޑިވެފަހަތަށް ޖެހިވަޑައި ގަންނަވަން ކެރިވަޑައި ނުގެންނެވީސްކަން ކަށަވަރެވެ. ސިޔާސީ މައިދާނަށް ނުކުންނަވަން މަޖްބޫރުވެ ވަޑައި ގަންނަވާނެއެވެ.

އާދެ! 13 ވަނަ އަސާސީ ހިންގަންފެށުނީ، 11 ނޮވެންބަރު 1968މ، ގައި ހިންގަންފެށި އަސާސީއަށް، 15 އޭޕްރީލް 1975މ، ގައި ގެނެވުނު އިސްލާޙަށް، 21 އޭޕްރީލް 1975މ، ގައި ޢަމަލުކުރަން ފެށުމުންނެވެ. ތަޞްދީޤު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އުވުނީ، އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު، ރައީސުލް ޖުމްހޫރިއްޔާކަމާ، ޙަވާލުވެ ވަޑައިގަތުމަށް ފަހު، 22 މުޙައްރަމް 1401ހ، 29 ނޮވެމްބަރު 1980މ. ވިހޮނިހިރު ދުވަހުގެރޭ ރައްޔިތުންގެ ޚާއްޞަމަޖިލިސް އެއްކުރައްވައި، އަސާސީ އިޞްލާޙުކުރުމުގެ މަސައްކަތް، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް، އެމަޖިލީހާ މަތިކުރެއްވުމާ ގުޅިގެން، 17 އަހަރުގެ ދިގުމުއްދަތެއްގައި އެމަސައްކަތްކޮށް ނިމުމުން، 27 ނޮވެމްބަރު 1997މ، ގައި ތަޞްދީޤު ކުރައްވައި، 1998މ، ވަނަ އަހަރުގެ ޖަނަވަރީމަހުގެ، 1 ވަނަ ދުވަހުން ފެށިގެން، އެއަސާސީ ރާއްޖޭގައި ހިންގަންފެށު މުންނެވެ. ފަހެ، މިއީ މަޝްހޫރު “ބޮޑުއަސާސީ” އެވެ. މިއަސާސީއަށް މިނަންދީފައިވާނީ އަޅުގަނޑެވެ. މިކަންކުރީ ނޫކުލަފެހިކުލަ، މިފަދަ ސިފަތަކުން އަސާސީއަށް މުޚާތަބު ނުކުރުމަށެވެ.

އާދެ! ސާދަވަނަ އަސާސީއަށް ޢަމަލު ކުރަންފެށީ، 1 ޖެނުއަރީ 1998މ، ގައެވެ. ތަޞްދީޤު ކުރެއްވީ، 27 ރަޖަބު 1418ހ، 27 ނޮވެމްބަރު 1997މ. ވީބުރާސްފަތި ދުވަހު، ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. އާދެ! އެމަނިކުފާނުގެ ބޭބެފުޅު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، މަޖިލީހުގެ ރައީސަކަށް އިންނަވައިގެން އައްސަރިބަހާއި ސާބަސް ވަރަށް ހޫނުކޮށް ފަށްފަށުން ތަކުރާރުކޮށް އެދުވަހު، ރައީސް މައުމޫނަށް އެރުއްވިއެވެ. މިސަނާވިދާޅުވުން ވެގެންދިޔައީ، ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ގާނޫނު އަސާސީއެއް ޢިއުލާނު ކުރެއްވި، މަޝްހޫރު ދަރުބާރުގައި ޚުޠުބަތުލްޢަރުޝި އަށް، އޭރުގެ ދާޚިލީވަޒީރު އޮނަރަބްލް އަޙްމަދުކާމިލް ދީދީ، ދެއްވިޖަވާބުގެ ޖުމްލަތަކުން ބައެއްބަސްތައް، ވަރަށްރީއްޗަށް ހިތުދަސް ކުރައްވާފައި ވާކަން، ފާޅުގައި ފާހަގަކުރެވިގެން ދިޔަކަމަކަށެވެ. ފަހެ، މިހާރު، ޢަމަލު ކުރެވެމުން މިދަނީ، މިގުނޭގޮތުން، 14 ވަނަ އަސާސީއެވެ. ފަހެ، މިއަސާސީއަށް އަޅުގަނޑުދޭ ނަމަކީ، ސަތާރައަހަރުން އުފެއްދެވި، “މަޝްހޫރު ބޮޑު އަސާސީ” އެވެ. ފަހެ، ދަންނާށެވެ! ރައީސްމައުމޫނުގެ މަޝްހޫރު ބޮޑުއަސާސީ އަކީ، ވަރަށް ފަޚުރުވެރި ކަމާއެކު، އުފެއްދުނު މާމޮޅު އަސާސީއެއް ކަމުގެ، ތަޢުރީފުތައް އެކިފަރާތްތަކުން އެދުވަސްވަރު އޮހެމުން ދިޔައެވެ. ރައްޔިތުންނަށް ޖަރީކޮށް ދައްކާފައިއޮތީ، ވަރަށްފުރިހަމަ އަސާސީއެއްގެ ގޮތުގައެވެ. އެހެނަސް މިއަސާސީއަކީ، ވެރިމީހާއަށް ފަރުދީބާރު ތަކެއް، ވަރަށްފާޅުކޮށާއި ދެފޮޅުވަތް ދޭތެރެއިން ދެވިފައިވާ، އަސާސީ އެއްކަމުގައި ރައްޔިތުންގެ ތެރެއިން، އިޞްލާޙަށް އެދިގޮވަމުން ދިޔަމީހުން އޭރުވެސް، ބުނެފާޅުކުރަމުން ގެންދިޔައެވެ. އަޅުގަނޑަކީ، އެދުވަސްވަރު ޤަވާއިދުން ބޮޑުމަޖިލީހަށް ހާޒިރުވެ އެޖަލްސާތައް އަޑުއަހަމުން ގެންދިޔަމީހެކެވެ. ކުރީކޮޅުގައި ޖަލްސާތައް ގެންދެވުނީ، ވަރަށް ރަނގަޅަށެވެ. ވެރިމީހާއަށް އޮންނަ ޝަޚުޞީބާރުތައް ބަހާލުމަށް މާއްދާތަކެއް ފާސްކުރެވިގެން ދިޔައެވެ. އަދިވެސް ވަރަށްގިނަ މާއްދާތައް ރައްޔިތުން އެދެމުން ދިޔަގޮތަށް ފާސްވަމުން ކުރިޔަށް ދިޔައެވެ. އެހެނަސް އެހެންއޮވެފައި މަޖިލިސްރޯގާއޭ ކިޔާރޯގާއެއްގެ ޖަރާސީމުގެ ޝިކާރަ އަކަށް، ޚާއްޞަމަޖިލިސް ބަދަލުކޮށްލީ، ވެރިކަމުގެ ނުފޫޒާއި ބާރުންނެވެ. ޖަލްސާއެއް ނުބާއްވާ، ދެއަހަރުވަރު ނަގާލިއެވެ. މެދުތެރެއިން އައި ޢާއްމު، އިންތިޚާބުގައި ރައީސް މައުމޫނު ބޭނުންފުޅުވާ ބަޔަކު މަޖިލީހަށް ގެނެސް، ނެރެލަންބޭނުން ފުޅުވާބަޔަ މަޖިލީހުން ކުނެރެލާއި ބޭރުކޮށް ލިއެވެ. އަދި، އަނެއް ބަޔަކުފަހަތުން، “ބިންބިފޯސް” ނެރެމަރުގެ އިންޒާރުދީ، ދޮގުތުހުމަތްތައް ބޮލުގައި އަޅުވައި، ޖަލަށްލާއި ބަންދުކުރިއެވެ. އަދިއަނެއް ބަޔަކަށް، އެކިފާޑުގެ ސިޔާސީ ގޯނާތަކާއި ދުއްޕާންތައްކޮށް ޤައުމުންވެސް ބޭރުވާން މަޖުބޫރު ކުރިއެވެ. އަދިއެމަޖިލީހުގެ އެންމެ ފަހުދުވަސްތަކަށް އަޅައިގަތުމުން، އަސާސީ ތަރުތީބުކޮށް އިމްލާ ކުށްތައް ފިލުވުމުގެ ބަހަނާގައި، ތަޞްދީޤު ކުރެއްވުމަށް ފޮނުއްވުމުގެ ކުރިން ފޮނުއްވީ، ކުޑަކޮމެޓީއެއް ހޮވައި އެކޮމެޓީއަށެވެ. އެކޮމެޓީންނިމި، ތަޞްދީޤުވެގެން ޤާނޫނުއަސާސީ، ރައްޔިތުންނަށް ފެނުނުއިރުއޮތީ އެއަށް ވާނެއެތިވެ މިހާރުފެންނަން މިއޮތްގޮތަށެވެ. މަޖިލީހުން މިއަސާސީއަށް އިއްތިފާޤު ނުވެވުނީވަރައް ބިރުކަޑަ، ދެބޭފުޅަކު، ވަރަށްކެރިގެން ތިބެވޯޓު ނުދެއްވީމައެވެ. މިކަމާގުޅިގެން އެކްސްރޭ އަޙްމަދު ޢާޠިފަށާއި އަލްއުސްތާޛު އަޙްމަދު މުޢިޒުގެ ހަދާން އާކޮށްލަން ޖެހެއެވެ. ބޮޑުޝުކުރިއްޔާ އެއް އެދެބޭފުޅުންނަށް ހިތުގެއަޑިން އަރިސްކުރަމެވެ.

އާދެ! އެންމެފަހުން މިހާރުމިއޮއްތީ، އެއްކަލަތަން އެނބުރި އައިސް ޖެހިފައެވެ. 2004މ، ވަނަ އަހަރުގެ މެދުތެރޭގައި ވެރިކަމުގެ ފަރާތުން މިވާހަކަތައް ޢާއްމުކޮށް ގޮވައި، އެއްބަސް ވެއްޖެއެވެ. މިކަމުގެ އެންމެބޮޑު ޙުއްޖަތަކީ، ޒަމާނީ ޑިމޮކްރަސީއެއް ގެނައުމުގެ ނަމުގައި މަގުޗާޓެއް އިޢުލާނުކޮށް، ބޭރުދުނިޔެއަށް ބަހާލުމަށް ފަހު، އެތަންމިތަނަށް ސަފީރުން ފޮނުއްވައި، މިހާރުވަނީ، މިގެންގުޅޭ މަޝްހޫރު ބޮޑުއަސާސީ ކަމުނުގޮސްގެން އަލުން އެއަސާސީ އިޞްލާޙު ކުރުމަށް ގަދައަޑުން ގޮވާލައްވާ ފައެވެ. އިޞްލާޙީޗާޓުގައި ވާފަދަޒަމާނީ އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށް، ބަޔާންކޮށް އަސާސީގެ، 94 ވަނަމާއްދާގެ ދަށުން، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭބާރުގެ ދަށުން، 19 ޖުލައި 2004މ. ވީހޯމަ ދުވަހު، އަސާސީގެ އެމާއްދާގައި ނަންގަނެ ވިގެންވާ ރައްޔިތުންގެ ޚާއްޞަމަޖިލިސް އެއްކުރައްވައި  އެމަޖިލީހަށް، ފޮނުވި ލިޔުމުގައިވާ ފަދައިން، މިހާރުވަނީ އަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށިފައެވެ. މިއަދާހަމައަށް އެމަޖިލީހުގެ، 142 ޖަލްސާއެއް ވަނީ، ބޭއްވިފައެވެ. އަދި އެއްވެސް މާއްދާއެއް ޑްރާފްޓުކޮމެޓީން ނިންމައި މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ. އޭގެ މާނައަކީ، އަދި އަސާސީގެ މާއްދާއެއް، ޙަޤީޤީ އިޞްލާޙައި ހަމައަށް ނާންނަ ކަމެވެ. ޑްރާފްޓު ކޮމެޓީން މަޖިލީހަށް ހުށަހެޅި، އަދި އެއަށްފަހު އިޞްލާޙަށް ހުޅުވާލެއްވި، އިޞްލާޙުތައް ތަޅުމަށް ހުށަހެޅި، އެއާމެދު ބަޙުޘްކޮށް، ބަދަލުގެނެވި، އަދި އެއަށްފަހު ވޯޓަށް އެހިގެންނޫނީ، މާއްދާއެއް ފާސްވާވަރެއް ނުވާނެއެވެ. ކަޑަތުކުރަންޖެހޭ ދިގުމަރުޙަލާ ތަކެއް އަދި ކުތިޔަށް އެބައޮތެވެ. ޑީއާރުޕީއާއި އެމްޑީޕީ ގުޅިގެން ދައްކަމުންދާ، އަސާސީ އަވަސް ކުރުމުގެ ވާހަކަތަކަކީ، ހަމަހުސް، ޕްރޮޕެގެންޑާއެވެ. ގޮތެއް އެކަށައަޅައި ސީލްކުރުމަށް، މޭޒުގެ އެއްފަރާތުގައި ތިއްބެވީ، ސިޔާސީ ޕްލެޓްފޯމް ތަކުގައި އަޑުހަރުކޮށް ތަކުރާރުކޮށް އެތައްފަހަރަކު، ރައީސް މައުމޫނަކީ، ޓެރަރިސްޓެއް ކަމަށް އިޢުލާނުކޮށް، އަސާސީއައި ޚިލާފަށް ދިރޭވަޒަނާއެކު ހަތިޔާރު އުފުއްލަވައިގެން ހުންނަވާ، ﷲ ގަންދީ ހުވާކުރައްވާ ފައިވާތީ، ރައްޔިތުންގެ އިތުބާރެއް ނެތްފަރާތެއް ކަމަށް މުޅިން ނިންމަވައިގެން ތިއްބެވި، އިދިކޮޅު ބޭފުޅުންނެވެ. މިހިސާބުން ދެން، އުފެދޭސުވާލަކީ، ޓެރަރިސްޓަކައި ވާހަކަދައްކައިގެން ކަމެއްގެ ނަތީޖާ ޙައްލުކޮށް، ރަނގަޅު ކުރެވިދާނެތޯއެވެ؟ އެމެރިކާގެ ނިންމުންތައް ހުންނަނީ، އެއްގޮތަކަށް ވެސް، ޓެރަރިސްޓުންނައި މުއާމަލާތުކޮށް ވާހަކަ ނުދައްކާ ގޮތަށެވެ. އެމީހުން ތަބާވަމުން ގެންދަނީ ސީދާ، ޙަމަލާދީ ބަލިކޮށްލާ އުޞޫލަށެވެ. ވާހަކަދައްކާގޮތް ބޭރުފުށަށް، ދެއްކިޔަސް ދޭތެރެއެއް ބަލާފައި، ޙަމަލާދީ ހަފުސް ކޮށްލާނެއެވެ. ޓެރަރިސްޓުންނައި ދޭތެރޭގައި ޢަމަލުކޮށް ފައިހުރީ މިގޮތަށެވެ. އެމްޑީޕީގެ އިސްބޭފުޅުންގެ ޢަމަލުތައް އަދި މިހިރަގޮތައް ބަލާއިރު، ދެކޮޅުޖެހޭ ހެންނެއް ހިއެއްނުވެއެވެ. ވާހަކަތައް ކުރިޔަށް ދާނެހެނެއް ހިއެއްނުވެއެވެ. މިފެންނަގޮތުން އަދިކުރީގައި އުޅެނީ، ރައީސް މައުމޫނުގެ ވިސްނުންފުޅެވެ. ވަމުންމިދާ ގޮތަކީ، ސަރުކާރުން ބޭނުންވާ ފިޔަވަޅުތަކެއް ރާވާލައިގެން އެޅުމައްޓަކައި ވަޤުތުހޯދުމަށް ދައްކައިގެން އުޅޭބަހަނާ އަކަށެވެ. މިކަމުގެ އަލިގަދަހެއްކަކީ، ދޭތެރެއެއް ހާވާލައްވާފައި ބޭނުންފުޅު ވެލައްވާކަމެއް ކުރައްވާ ކަމެވެ. ދޮށީ އަންހެންބޭފުޅާ އަށްވެސް ޚާރިޖީވަޒީރުގެ ނާއިބުކަން އެދެއްވީ ހަރުދަނާ ވިސްނުންފުޅެއްގެ ދަށުންނެވެ. މިޤައުމުގެ ސިޔާސަތު މިހާރު މިދަނީ، ޢަރަބިންގެ އެންމެ ޚުދުމުޚްތާރު ގޮތްގަނޑަށެވެ. އިދިކޮޅު ސިޔާސީ ލީޑަރުންނަށް ގިނައިން ތިއްބަވާނީ، ސަރުކާރުން ޚަރަދުދީގެން ބަލަހައްޓާ މީހުންނެވެ. ނުވަތަ ސަރުކާރަށް ތާއީދު ކުރާބޮޑެތި މަހުޖަނުންގެ “ބޮއިސް” އިން ގޮތުގައި ގެންގުޅުއްވާ މީހުންނެވެ. މިއީ ލީބިޔާއާއި މިޞުރުގައި އިދިކޮޅު މީހުން ގެންގުޅޭ ސްޓައިލެވެ. އިދިކޮޅު ޕާޓީތަކުގައި އިސްކޮށް އުޅޭނީ ސަރުކާރުން ޚަރަދުކޮށްގެން ބަލަހައްޓާ މީހުންނެވެ. ނުވަތަ ސަރުކާރުގެ އެޖެންޓުން ގެންގުޅޭ ކުދިންނެވެ. ކޮންމެހެނެއް މިކަން އޮތަސް އަޅުގަނޑު އެދެނީ ސަތާރަ އަހަރުން ހެދިމަޝްހޫރު “ބޮޑުއަސާސީ” އަށްވުރެ އަވަހަށް މިމަސައްކަތް ނިންމަން ޖެހޭނެކަމަށެވެ. ފަހެ، ވީހާއަވަހަށް އަސާސީ ނިންމަންޖެހޭނެއެވެ. ރައްޔިތުންގެ އެދުމަކީ ވެސް މިއެވެ.

އާދެ! “މަޝްހޫރު ބޮޑުއަސާސީ” އަށް ދިމާވެގެން މިއުޅެނީ، ރާއްޖެގައި ފުރަތަމަ ފަހަރަށް އަސާސީ އިޢުލާނު ކުރުމުން، ޝަމްސުއްދީނު ރަދުން ނަށްވެސް ދިމާވެގެން އުޅުނު ގޮތްތަކެވެ. އަމީންދީދީ އޭނާގެ މުތަޤައްދިމުޕާޓީ މެންބަރުންނަށް ޖުމްހޫރިއްޔަތާއި މަލްޓިޕާޓީ ސިޔާސަތާއި ޑިމޮކްރަސީ ދަސްކޮށް ދެއްވުމަށް، ދައްކަވާފައިހުރި ވާހަކަފުޅު ތަކަށް ވިސްނާއިރު، އޭރުވެސް އަދި މިހާރުވެސް މިއުޅޭ މައްސަލައަކީ، ކީރިތި މޫރިތި ރަސްގެފާނަށް، ނުވަތަ ރައީސުލް ޖުމްހޫރިއްޔާ އަށް ޝަޚްޞީބާރު ތަކެއް އެއްވެސް ކޮންޓުރޯލެއް ނެތި، ދޫކޮށްލެވޭތީ ދިމާވާކަންތަކެވެ. އެއްވެސް ފަރުދަކީ، އެހާގިނަބާރު ތަކެއް ލިބިފައި ވަނިކޮށް، އަތުންދޫކޮށްލާނެ މީހެއްނޫނެވެ. ނަފުސުގެ އިޚްތިޔާރެއް ނެތިވެސް އެބާރު ތަކުގައި ބާރަށް ބަގުޑިބެއްދޭ ނެއެވެ. ބޭއިޚްތިޔާރުގައި އަމިއްލައަށް ކޮސްޚިޔާލުކުރެވި، ކޮސްގޮވޭތަން ވެސްއަންނާނެއެވެ. ފުރާނަ ދާއިރުވެސް ފޯރިޔާއެކު، ބަގުޑިބެއްދޭތޯ މަސައްކަތް ކުރާނެއެވެ. ނަޞޭޙަތް ތަކާއި ޚުޠުބާތައް ހުންނާނީ މިރާގަށް ފެތިފައެވެ. އެއީ އެއިންސާނާގެ ހިތުގެ ވިންދެވެ. އެއްވެސް ހިފޭއްޓުމެއްނެތި، މިނިވަން ކަމާއެކު ބޭނުންހާ ގޮތަކަށް ދޫކޮށް ލެވިފައިވާ މިފަދަބާރެއް އަތުލަންޖެހޭނީ، ރައްޔިތުންގެ ގަދަބާރުންނެވެ. މިހުރީ ރައްޔިތުން ވިސްނަންހުރި ކަންކަމެވެ. ކިޔަވާކުދިން މުޠޯލަޢާކޮށް ދިރާސާ ކުރަންޖެހޭ މުހިންމު ދާއިރާތަކެވެ. ޙަޤީޤަތަށް ބަލާއިރު، މިއީ ދިވެހިތާރީޚުގެ ތެރޭގައި ފިލާވަޅު ތަކެއްގެ ގޮތުގައި ކިޔަވައި ދޭންޖެހޭ، ދިވެހި ކާބަފައިންގެ ތާރީޚެވެ. އަޅުގަނޑަށް ކޮށްދެވޭނެ ކަމަކީ، ތެދުމަގަށް އިޝާރާތް ކޮށްދިނުމެވެ. އެމަގުން ހިނގާ ކާމިޔާބުކޮށް، ގަނޑުވަރެއްފަދަ ސުވަރުގެތައް ލިބިގަތުމަކީ، ތިޔަކުދީންނާއި ތިޔަ ބޭފުޅުންގެ އަމާޒުކަމުގައި ހައްދަވާށެވެ. ހުރިހާވެސް ކާމިޔާބެއްއޮތީ، އެމަގުގައި ހިނގުމުންނެވެ. ސުވަރުގެ ހޯދުމަށް ރެޔާއިދުވާލު އަބަދު، މިސްކިތުގައި ޒާހިދުކަން މަތީގައި، ޞޫފީއަކަށް ވެގެން އިންނާކަށް ނުޖެހޭނެއެވެ. ޞޫފީސްޓައިލާއި ޕީރުންނާއިމުރީދު، ކުޅިވަރަކީ އިސްލާމްދީނައި ދުރުކުރުމަށް ނަޞާރާއިންނާއި ޞަހުޔޫނީޔަހޫދީންގެ ތަބްޝީރީ މުނައްޒަމާ ތަކުން ކުރިއަރުވައި މާފަހުން އުފެދިގެން އުޅޭވައްތަރު ތަކެވެ. މިރުޒާއީންނާއި ބަހާއީންނާއި މިފަދަ އިސްލާމުންނަށް ނިސްބަތްވާ ޖަމާޢަތްތަކަށް، “ކްރިސްޗިއަން މިޝަނަރީ މިޝަން” ތަކުން ގަނޑުކޮށް ފައިސާދީ އެހީތެރިކަން ވަރަށްފުރިހަމަކޮށް، ފޯރުކޮށްދެއެވެ. މިއީ ސީދާ ދީނާދުރަށް ޖެއްސުމަށް ކުރާމަސައްކަތެވެ. ދީނުގައި ޝައްކުއުފެއްދުމަށް ކުރާމަސައްކަތެވެ. ދީން ފުޑުފުޑު ކޮށްލުމަށް ކުރާކަންތަކެވެ. އެމެރިކާގެ ސްޓޭޓްޑިޕާޓްމެންޓުން ދާދި ފަހުންބެހި އަންހެނުންނަށް ހިތްވަރުދިނުމުގެ އިނާމުތަކަކީ ވެސް މިމަޤްޞަދުގައި ބެހި ހިތްވަރު ދިނުމެކެވެ. ޢިރާޤާއި އަފްޣާނިސްތާނުން އެކަނި، މުޅިދުނިޔެއިން ނެގިޢަދަދަށް، އަންހެނުން ހޮވައިގެން ނަގައި މިފަދަ ހިތްވަރުދިނުން، އެމެރިކާގެ ޚާރިޖީވަޒީރާ، ކޮންޑޮލީޒާރައީސްގެ އަތްޕުޅުން ވޮޝިންޓަން ޑީސީގައި ހުންނަ، ސްޓޭޓްޑިޕާޓްމަންޓުގެ ބެންޖެމިން ފުރެންކްލިން ކޮޓަރި ކޮޅުގައި އެރުވުމަކީ، ދީނުގައި އޮންނަ ދެޖިންސުގެ ހަމަހަމަކަމުގެ ޙައްޤު ނިގުޅައި ގަތުމަށްދެވުނު ހިތްވަރެކެވެ. ދެން އެކަމަނާއިން އެބުރި ޢިރާޤާއި އަފްޣާނިސްތާނަށް ވަޑައިގެން، އަންހެނުންނަށް ޤާޟީކަމާއި އިސްލާމުންގެ އެންމެއިސް ސަންދާނު ޙޯދައިދޭން މަސައްކަތް ކުރަންވީއެވެ. އިސްވެ ޖަޑިބަކަށް، ވެގެންނުކުމެ ހިލޭފިރިހެނުންގެ ކީލިފަތް ދޮށަށް އަތްމަހާލައިގެން ތިބެ އަޑުންއަޑު ނަގާހަޅޭލަވަން ވީއެވެ. ހިލޭފިރިހެނުންނާއެކު އާންމުތަންތާގައި ނަށަންވީއެވެ. ފިރިހެނުން ލީޑުކޮށްދީ އިސްވެ، ނަމާދުކޮށްދީ، ހުކުރުވެސް ކޮށްދޭންވީއެވެ. ވިރާޘީ މުދާބެހުން ދެޖިންސަށް ހަމަހަމަކޮށް ދޭންވީއެވެ. ވަރިވުމުގެ ޙައްޤުވެސް އަންހެނާ ލިބިގަންނަން ވީއެވެ. މިއީ އިސްލާމުންނާގުޅޭ ޒަމާނީ ޑިމޮކްރަސީއެއް ނޫނެވެ. އިސްލާމުންނާގުޅޭ، އިސްލާމީ ތަހުޒީބީ ޑިމޮކްރަސީއަކީ، ދީނީހަމަތަކުގެ މަތީގައި ބިނާކުރެވޭ އިސްލާމީ ޑިމޮކްރަސީއެވެ. އިސްލާމުންގެ މަލްޓިޕާޓީ ސިޔާސަތު ބިނާކުރެވޭނީ އިސްލާމީ އުޞޫލުތަކުގެ މަތީގައެވެ.

އާދެ! ސަތާރައަހަރުން ހެދި މަޝްހޫރު ބޮޑުއަސާސީއަށް ރައީސްމައުމޫނު، ދިވެހި ދައުލަތް ހިންގަވަން ފެއްޓެވިއިރު، އެމަނިކުފާނުގެ ރަންޒަމާން ވަނީ، ރައްޔިތުންގެ ހިތްތަކުން ކެހިގެން ދާންފަށާފައެވެ. ޅިޔަނުންނާއި ތިމާގެމީހުން ބޮޑުންގެގޮތުގައި އިސްކުރެއްވުމުން، އަލްމަރުޙޫމް މުޙައްމަދު ޖަމީލުދީދީ އާއި އަލްމަރުޙޫމް އިބްރާހީމް ޝިހާބު މެންފަދަ ގައުމުގެ އަޝްރާފުންވެސް މުޅިން ހިތްގޯސްވެ ފޫހި ވެއްޖެއެވެ. އާދެ! ރަންޒަމާން، ރަންކޮށް ވިދާބަބުޅަ، ބަބުޅާއޮއްވައި އިސްތިޢުފާ ދެއްވާފައި ދުރަށް ޖެހިވަޑައިގެން ނެވިނަމަ، މިއަދު އެމަނިކުފާނަކީ، ދިވެހިބަހުން އެންމެ ގިނަފޮތް ލިޔުއްވި، މުޞައްނިފަށް ވެވުނީސް ކަންޔަޤީނެވެ. ދުނިޔޭގެ ފެންވަރުގައި ރޫޙާނީލީޑަރަކަށް ވެވުނީސްކަން ކަށަވަރެވެ. ދުނިޔޭގެ އެންމެމަތީ، އިނާމުކަމުގައިވާ ނޯބަލް ޕްރައިޒް ހޯއްދެވޭވަރުގެ ޢިލްމުވެރިއަކަށް ނުވާންވީ، އެއްވެސް ސަބަބެއް ފެންނާކަށްނެތެވެ. އެހެނަސް ކުރާނީ، ކީއްތޯއެވެ؟ އެހުންނެވީ ވެރިކަމައިގެން މޮޔަވެވަޑައި ގެންފައެވެ. ބަގުޑިބެއްދުމުގެ އަވާގައި ޖެހި، މީހާގެ މޮޅުކަމާއި ކުޅަދާނަކަން ނަގާލެއްވީ ޢުމުރުގެ ފަހުކޮޅު، އަބުރަށް ހުތުރުހުރި، ބަދުބަސްތަކެއް، އަމިއްލަނަފްސަށް ލިބި ގަނެގެންނެވެ. އަދިވެސްދަނީ، އިތުރަށް ލިބިގަންނަ މުންނެވެ. ރައީސްމައުމޫނުގެ ޝަޚުޞިއްޔަތާ މެދު، ފަރުދެއްގެ ހައިސިއްޔަތުން ވިސްނާއިރު ހިތާމަކުރަން ޖެހެއެވެ. ހަމަޤައިމުވެސް އަޅުގަނޑު ހިތާމަ ކުރަމެވެ! ދެރަވަމެވެ! ހިތަށްނުގެނެވޭހާ އެތައްކަމެއްގައި އެމަނިކުފާނަށް ބަދުނާމުލިބެމުން އެބަދެއެވެ. ހެސްކިޔާފަ، ވިސްނެވުމަށް ފަހު، ކުރާކަންތަކުން ވެސް ވެގެންދަނީ ބަދުނާމެވެ. މިހާރަކަށް އައިސް ރަނގަޅުކަމެއް ނުކުރެއްވެއެވެ. ގިނަބައެއްގެ ބަދުދުޢާގައި ޖެހި، ރޫޙާނީބާރު ކެނޑެނީކަން އަމިއްލަފުޅަށް އެނގިވަޑައި ގަންނަވަން ވެއްޖެއެވެ.

ފަހެ، 1993މ، ވަނަ އަހަރުގައި އޮނަރަބްލް އިލްޔާސް އިބްރާހީމް، 18 ވޯޓު ހޯއްދެވި ފަހަރު، ސިޔާސީ ބަގުޑިބެއްދުން ދޫކޮށް ލައްވައި، އޭނާ މަގަށް އެޅުވުމަށް، ރަނގަޅު ބައެއްގެ، ޙިމާޔަތެއްގެ ދަށުގައި ސްޓޭޝަން ވެވަޑައިގެން ބޭރުގައުމެއްގައި، ދުރުގައި ހުންނެވުނުނަމަ، މާމޮޅުވީސްތާއެވެ. ވާހް! ހުރިގެއްލުމެއްގެ ބޮޑުކަމާއެވެ!! ހުރިހަލާކެއްގެ ބިރުވެރި ކަމާއެވެ! ކިހާވަރަކަށް މިބަދުނާމުތައް އުފުއްލެވުމުގެ ކުޅަދާނަކަން ދެމަފިރިންގެ ހަށިކޮޅުގައި ހުންނާނެބާވައޭ، އަޅުގަނޑުހިތަށް އަރައެވެ! ﷲ ކެއްތެރިކަން ދެއްވާށިއެވެ! 2007މ، ފެބްރުއަރީ 5 ން 7 ށް، ރާއްޖެތެރެއަށް ކުރެއްވި ދަތުރު ފުޅުނިންމާ ލައްވައި ކާރުކޮޅުގައި، ގަނޑުވަރަށް ވަޑައިގެން ނެވުމުގެ މަގުމަތީގައި ދިމާވި ހަވަރުއަރައި ގަތުމުގެ ޙާދިޘާއަކީ، ކުޑަކަމެއްނޫނެވެ. ފަނޑުގޮތަކަށް ތާރިޚުގެ ތެރެއަށް ދޫކޮށްލެވޭވަރުގެ ކަމެއްނޫނެވެ. ފުރިހަމަ ސިޔާދަތެއްގެ ދަށުގައި އޮތް (ކުޑަނަމަވެސް) ދައުލަތެއްގެ އެންމެމަތީ ރައީސުލް ޖުމްހޫރިއްޔާ އެވެ. ކިތެންމެ ބޮޑަށް ޚުދުމުޚްތާރު ގޮތްގަނޑު، ވެރިކަމުގެ ފަރާތުން ގެންގުޅުނަސް، ޑިފެންސް މިނިސްޓަރު އޮނަރަބްލް އިސްމާޢީލް ޝަފީޢާއި، ހޯމްމިނިސްޓަރު އޮނަރަބްލް އަޙްމަދު ތަސްމީނު ޢަލީ، ދިވެހި ޤައުމަށާއި ރައީސުލް ޖުމްހޫރިއްޔާއަށް އިޚްލާޞްތެރި ވުމަށް، ބޮޑުހުވައެއް ކުރައްވައިގެން، ޒިންމާދާރުވާން ޖެހޭގޮތެއްގައި އެބަތިއްބެވިއެވެ. ދައުލަތާއި ސަރުކާރުގެ އެންމެމަތީ ވެރިޔާރައީސުލް ޖުމްހޫރިއްޔާ ޙިމާޔަތް ކޮށްދީ ބެލެހެއްޓުމަކީ، މިދެވަޒީރުންގެ ޒިންމާއެއް ކަންކަށަވަރެވެ. އެހެނަސް އެދުވަހު ރައީސުލް ޖުމްހޫރިއްޔާ ހަވަރަށް ދޫކޮށް ލެއްވީއެވެ. މިކަމާދައުލަތުގެ ބަންޑާރަ ނާއިބު، އެދެވަޒީރުންގެ އިހުމާލާމެދު، ލަފާފުޅެއް ރައީސްމައުމޫނަށް ރަސްމީސިފައެއްގައި އަރުވަން ޖެހޭނެއެވެ. އެހެންނޫނީ، ރައްޔިތުންގެ ތެރެއިން ބައެއްގެ ހިތުގައި ވަސްވާސް ތަކެއް އުޅޭނެއެވެ. ބަންޑާރަ ނާއިބުގެ ލަފާފުޅު ކޮންމެގޮތަކަށް އޮތަސް އަޅުގަނޑުގެ ނިންމުމަކީ، ހަމަ ވަޤުތުން ރައީސް މައުމޫނު، އެދެބޭފުޅުން އެމަޤާމުން ދުރުކުރެއްވުމެވެ. ސިޔާސީ އެކްޓިވިސްޓުން ބޭނުންވެފައި ތިބޭނީ، ސަންދޯކެއް ކޮނޑުއަޅައިގެން މާލެވަށާ ބުރުޖަހާލާށެވެ. ގާޑުންގެ ވަޒަނަކުން މީހަކުމަރުވާށެވެ. ކަންމިހެން އޮތަސް، ޢާއްމު ރައްޔިތުންނަށް ކާރުކޮޅުގައި އަތްލެވެންވާނީ، ސިފައިންގެ ހުރަހެއްފޫ އަޅުވާލުމަށް ފަހުއެވެ. ޖުމްހޫރީ ވެރިކަމެއްގައި، އަދި މަލްޓިޕާޓީ ސިޔާސީ ނިޒާމެއްގައި، ރައީސުލް ޖުމްހޫރިއްޔާ ނުބެލެހެއްޓޭ ވަރުގެ ވަޒީރުން ޛިންމާކުރުވާފައި މަގާމުގައި ބައިތިއްބައިގެން ނުވާނެއެވެ. މިފުރުޞަތުގައި ރައީސް މައުމޫނަށް، މިދެވަޒީރުންގެ އެކަމާ ގުޅޭހުރިހާ ޛިންމާތަކަކުން، ދުރުކުރެއްވުމަށް އަޅުގަނޑު، ގޮވާލަމެވެ. އާދެ! ރައްޔިތުންގެ ގޮވާލުން ތަކުންނާއި އުފުލެމުންދާ އަޑުންކުރާނީ ފައިދާއެވެ. ގެއްލުމެއް ނޫނެވެ.

ފަހެ، ދަންނާށެވެ! ކުރީގެ އެޓޮލްސް މިނިސްޓަރު އަލްއުސްތާޛު ޢަބްދުއް ﷲ ޙަމީދު އަޅުގަނޑަށް، ނޯޓިސް ދެއްވުމަށް ރައީސްމައުމޫނު އަރިހުގައި ދެންނެވި ހިނދު އެކަން ތަންފީޒު ކޮށްދެއްވީ، އަޅުގަނޑުހުރި މަޤާމުއެޓޮލްސްގެ އޮނިގަނޑުގައި އުވާނުލާ، އޮއްވައެވެ. މަޤާމާއި އެމަޤާމުގެ މަސައްކަތް މިނިސްޓްރީގެ އޮނިގަނޑުގައި ރޭވިފައި އޮއްވައި އެއްވެސްކަހަލަ ނަޞޭޙަތެއް، އިންޒާރެއް ދިނުމަކާނުލައި ނޯޓިސެއް ނުދެވޭނެއެވެ. ނޯޓިސްދީ ކަނޑާލަން ބޭނުންނަމަ، ފުރަތަމަޖެހޭނީ އޮނިގަނޑުން އެމަގާމެއް އުވާލާއްވާށެވެ. އެއަށްފަހުނޫނީ ސަތުކާރުގެ ވަޒީފާއިން ވަކިކުރެވިގެން ނުވާނެއެވެ. ފަހެ، ޚިދުމަތުގެއަގަކީ، އެންމެބޮޑު ޙައްޤެވެ. އަޅުގަނޑަކީ، އެމިނިސްޓްރީ ގައިހުރި ޖަވާހިރެކޭ، އޭއްޗެކޭ މީއްޗެކޭ ޢާއްމުޖަލްސާ ތަކުގައި ވިދާޅުވެފައި ވެއެވެ. އަދިސެޓިފިކެޓު ތަކާއި ޖަރީކުރި ލިޔުންތަކާއި ފިލާތަކާއި އެވާޑުތަކާއި އިނާމުތައްވަނީ، އެމަނިކުފާނުގެ ގޮތްނޭގޭ އަތްޕުޅުން އަޅުގަނޑަށް ދެއްވާފައެވެ. އަދި އެމަނިކުފާނަކީ، ދައުލަތުގެ ޚަޒާނާގެ ހަތަރުތަޅުދަނޑިން އެއްތަޅު ދަނޑި ކޮންމެވެސް ހައިސިއްޔަތަކުން، އޭރުގެންގުޅުއްވާ ބޭފުޅަކަށް ވެފައި، އެމަނިކުފާނުގެ ބަދަލުގައި ދައުލަތުގެ ޚަޒާނާގެ ފާރަވެރިއަކަށް، ޚާއްޞަ ހުއްދައެއްގެ ދަށުން އަޅުގަނޑު، ފޮނުއްވާ ހެއްދެވި ބޭފުޅެކެވެ. އެއްގޮތަކުން އެހާވެސް އިތުބާރު ކުރައްވައެވެ. ޢަޖައިބުވެ އަންތަރީސް ވާންޖެހެނީ، އަޅުގަނޑު އެކިސެކްޝަން ތަކަށް ބަދަލުކޮށް، އެއްބައިފަހަރު މަސައްކަތެއް ނުދައްކާ، އެނެއްބައި ފަހަރު ކުޅިވަރުތައް ބަލަހައްޓާ އިސްމީހާކަން، ޙަވާލު ކުރެއްވީމާ ވެސް ހިތްތިރިކަމާއެކު، މިނިސްޓިރީ ތެރޭގައި ދެއްކިހާކަމެއް ކޮށްކޮށް، ކިޔަމަންތެރިކަމާއެކު އުޅެމުން ދަނިކޮށް، އަރިހުބޭކަލުންގެ ތެރެއިން، ޢަސްކަރު މުސްކުޅިންނާއި ވަރުހަނގުންނާއި އައްތާރަފަނިންގެ ސިއްރު ޗުކުޗުކު ދެންނެވުންތައް އައްސަވައި ޤަބޫލުފުޅު ކުރެއްވިކަމެވެ. މިހާރުގެ ޒަމާނީގޮތަށް ދަންނަވާނަމަ، އެޓޮލްސްގައި ހުންނަ ރަތްކުލައިގެ ގޮނޑިބަރިއެއް ހޫނުކުރަން މުސާރަދީފައި ބައިތިއްބަވާފައި ތިބޭ، އެކިވަރުވަރުގެ ޖާސޫސުން، ދަންނަވާ ބަސްތަކަށް، ޤާނޫނެއްޤަވާޢިދެއް ބަލާލެއްވުމެއްނެތި، ހެއްލިވަޑައިގަތީއެވެ. އަޅުގަނޑުގެ އުޅުން ގޯސްވެގެން ނަޞޭޙަތެއް، އިންޒާރެއް ދެއްވުމެއްނެތި، ބޮޑުމަޖިލީހުގެ ހަލަބޮލި ސިޔާސީ ބަޙުޘްތަކުގެ ތަރޭގައި، ދިމާވި ޚިޔާލުތަފާތު ވުމުގެ ޤާނޫނީ މައްސަލައެއްގައި، އެކަންއޮންނަގޮތް އޮޅުންފިލުވުމުގެ ގޮތުން، ޝަރުޢީކޯޓަށް އެމައްސަލަ ވެއްދުމާ ގުޅިގެން، ކުއްލިއަކަށް އަޅުގަނޑު އެމިނިސްޓްރީން ބޭރުކޮށްލުމަށް ނިންމެވީ، ޒާތީޙަސަދަ ފުޅެއްގައިކަން އެންމެންވެސް ދަންނާނެއެވެ. މިމައްސަލަ މިހާރުވެސްވަނީ، މޯލްޑިވްސް ކޮންޕުލެއިންޓްސް ބިއުރޯގައި ފައިލްކުރެވި ފައެވެ. ރައީސްމައުމޫނުގެ ލަފާފުޅެއް އެއޮފީހަށް، ނުލިބިގެން ނިންމާނުލެވި ލަސްވަނީއެވެ. ދެތިންފަހަރަކު މަތިން ރައީސް އޮފީހުގައި ދެންނެވުމުން ވެސް ޖަވާބު ނުދެއްވާތީ އެއޮފީހުންވަނީ، އަޅުގަނޑަށް ޖަވާބެއް ނުދެއްވިފައެވެ. ބައެއް ޤާނޫނީވަކީލުންގެ ލަފަޔަކީ، ޚިދުމަތުގެ ޙައްޤާބެހޭ މިމައްސަލަ ޝަރުޢީކޯޓަށް، މަދަނީމައްސަލަ އެއްގެ ގޮތުގައި ވެއްދުމެވެ. އެހެނަސް މިކަން ކުރާކަށް އަޅުގަނޑު އަދިއެއްބޭނުމެއް ނޫނެވެ.

އާދެ! ބޮޑުމަޖިލީހުގެ ތަޅުމަކީ، ޤާނޫނާޚިލާފުބަސް ވެސް ބުނެވޭތަޅުމެކެވެ. އިސްލާމްދީނާ ޚިލާފުނުވާގޮތަށް އެތަޅުމަކީ، ރަނގަޅުމަގު ހޯދުމުގެ ބޭނުމުގައި ކޮންމެވާހަކަ އެއްވެސް ބުނެވޭތަޅުމެ ކެވެ. ކަމެއް އިޞްލާޙުކުރެވޭނީ، ހުރިހާވާހަކައެއް ދެއްކޭފަދަ ތަޅުމެއްގައި ތިބެގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް، ބޮޑުމަޖިލީހުގެ ފުރަތަމަ ޖަލްސާގައި، އަސާސީ މާނަކުރެއްވި ގޮތުގެ ފައިޞަލާއެއް، ޙުކުމެއް ޝަރުޢީކޯޓަކުން ހޯދުމުގައި އެއްވެސް ގޯހެއްނެތެވެ. އެންމެ މޮޅުގޮތަކީ، ވެސް ކޯޓުން ކޯޓުގެ ރަސްމީ ބަހެއްހޯދުމެވެ. އެޖަލްސާގައި އެމަނިކުފާނު، އަސާސީ މާނަކުރެއްވީ ރަނގަޅަށް ކަމަށް، ކޯޓުން ޙުކުމްކޮށް ނިޔާކަނޑައެޅީމާ ނިމުނީނޫންތޯއެވެ! އަޅުގަނޑުގެ ޙައްޤަށް މިކަމާ ގުޅިގެން ހުރަސް އެޅެންވީ އެއްވެސް ސަބަބެއްނެތެވެ. ވީމާ، މިނުކުތާތަކަށް ވިސްނެވުމަށް، ރައީސްމައުމޫނަށް މިދަންނަވަނީ، ކުލަގަދަ ރިފޯމެއްގެ ވާހަކަފުޅުތަކެއް މާގިނައިން ދައްކަވާތީއެވެ. އަދި ޒަމާނީ، ލިބަރަލް ޑިމޮކްރަސީއަށް ގޮވާލައްވާތީއެވެ. ފަހެ، ރައީސް އަމީންދީދީ ވެސް “އޮފުދާރު ރިފޯމެއް” ދައުލަތަށް ގެންނެވުމަށް، އަވަދިނެތި އުޅުއްވިއެވެ. ރެއާއިދުވާލު މަސައްކަތްޕުޅު ކުރެއްވިއެވެ. ރިފޯމުގެ މިދެމަސައްކަތް މިހިންގަނީ، ދާދިއެއް ގޮތަށެވެ. ރައީސް މައުމޫނު ވެސް އަމިއްލަފުޅަށް، އެކަށަހެޅުއްވި ރިޔާސީ ޤަރާރެއްގެ ދަށުން، ބަންޑާރަ ނާއިބުގެ އޮފީހުން ނެރުއްވި، ސިޔާސީޕާޓީ ތަކާބެހޭ ޤަވާއިދު 2005 އާ ޚިލާފަށް، އިންތިޚާބަކާނުލާ ގައުމުގެ ރައީސަކަށް ޕާޓީއެއްގެ ނަމުގައި އަމިއްލަފުޅަށް ވެވަޑައިގެން، އޮޅުވާލުމެއްގެ ތެރޭގައި މާބޮޑުއިޞްލާޙަކަށް ގޮވާލައްވާތީއެވެ. އަދި ކުލަގަދަރިފޯމެއް ގެނެސްދެއްވަން މަސައްކަތް ކުރައްވާތީއެވެ. ޕާޓީގެ ނަމުގައި ވެރިކަމަށް ކުރިމަތިލައްވައި ހޮވިވަޑައިގެން ނޫނީ ސިޔާސީޕާޓީއަކުން ވެރިކަންކުރައްވާ ރައީސަކަށް ގާނޫނީގޮތުން ނުވެވޭނެއެވެ. ފަހެ، ރައީސް މައުމޫނަކީ، ދިވެހި ޤައުމުގެ ހުރިހާ ހައިސިއްޔަތެއް ލިބިގަނެގެން ހުންނެވި އެންމެމަތީ ވެރިޔާއެވެ. ފަހެ، ދަންނާށެވެ! ގަވާއިދާ ޚިލާފުވަނީ އެއްވެސް އިންތިޚާބަކާނުލާ ސިޔާސީ ޕާޓީއެއްގެ ޒަޢީމުގެ ނަމުގައި ދިވެހި ރާއްޖޭގެ ވެރިކަން ކުރައްވަމުން ގެންދަވާތީއެވެ. ފަހެ، އެންމެ ކުލަގަދަ ރިފޯމެއް ދުނިޔެއަށް ދެއްކޭނީ، ބޭރާބެހޭ ވުޒާރާގެ ނާއިބުކަން ދެއްވި، އަންހެންދަރި ކަނބަލުންނަށް އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަން ދެއްވައި ގެންނެވެ. އޭރުން ހަމަގައިމުވެސް އެކަމަނާގެ “ސީވީ” އިތުރަށް ހަރުދަނާކޮށް ރަނގަޅު ކޮށްލައްވާއި ބޭރުދުނިޔެއިން މަތީފެންވަރުގެ ވަޒީފާއެއް ހޯއްދަވަން ފަސޭހަވާނެއެވެ. އަދި ކުރިމަގުގައި ސިޔާސީ މައިދާނުގައި މުހިންމުރޯލެއް ކުޅުއްވުމަށް ފަސޭހަވާނެއެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ފަހެ، ދަންނާށެވެ! އެންމެ މާތްމީހަކީ، އެކަކުއަނެކަކާ ރުޅިނުވެ، ޙަސަދަވެރިނުވެ، ފުރަގަސްނުދީ، ގުޅުންނުކަނޑާ، އަޚެއްކަމުގައި ދެމިހުންނަ މީހާއެވެ. ﷲ އަމުރުކުރައްވަނީ، ތިޔަބައިމީހުން އަޚުންތަކެއް ކަމުގައިވާށެވެ. ޙަސަދަވެރި ނުވާށެވެ. އެންމެންނަށް އޯގާވެރިވާށެވެ. އެއްހަމައަކުން ހިތާށެވެ. އަމިއްލަ ފުޅަށް އުފެއްދެވި، ޤަރާރާއި ޤަވާޢިދައި ޚިލާފަށް، އެތައް ހައިސިއްޔަތުތަކެއް މިލްކުކޮށްގެން ނަމަވެސް، އިޞްލާޙީ ބަދަލުތައް ވީހާއަވަހަށް ގެނެސް ދެއްވުމަކީ، އަޅުގަނޑުމެން ހުރިހާދިވެހިންގެ ގުޅިފައިވާ ހަރުއަޑެވެ. އާދެ! ތިޔަވިދާޅުވާ ރިފޯމާއި ޒަމާނީ ލިބަރަލް ޑިމޮކްރަސީގައި ބުރަދަނެއް ހުރިކަން އެނގޭނީ، މިގޮތަށް ސިޔާސީ، އަދި ޒާތީ މަޤްޞަދުތައް ސަރުކާރުން، ބޭނުންކޮށްގެން އަސާސީ ޙައްޤުތަކުން ދުރުކޮށްފައިވާ މީހުންނަށް، މެދުނުކެނޑޭ ގޮތައް އެޙައްޤުތައް އަލުން ހަމަޖައްސަވައި ދެއްވުމުންނެވެ. އެހެންނޫނީ ތިޔަގޮވެނީ، ހުސްކަނޑުކޮހެވެ. ތިޔަކުރެއްވެނީ ހައްތާހާވެސް ކޮސްކަންތަކެވެ. ބޭކާރު މަސައްކަތެވެ. އިސްލާމީ ޑިމޮކްރަސީގައި ސިޔާސީ، އަދި ޒާތީޙަސަދަ އިސްކޮށް ފަރުދުންގެ ޙައްޤުތަކުން މަޙްރޫމެއް ނުކުރެވޭ ނެއެވެ.

އާދެ! ދިވެހި ޖުމްހޫރިއްޔާގެ، 4 ވަނަ ރިޔާސީ އިންތިޚާބާގުޅިގެން ރައްޔިތުންގެ މަޖިލީހުގައި، ސިއްރުވޯޓުލުން ބޭއްވުނީ، 22 އޯގަސްޓު 1983މ. ގައެވެ. މިއީ ރައީސްމައުމޫނުގެ ވެރިކަމުގެ ދެވަނަދައުރަށް ލެވުނުވޯޓެވެ. ރައީސް މައުމޫނަށް ލިބިލެއްވީ، 47 ވޯޓެވެ. އިލްޔާސް އިބްރާހީމަށް، 1 ވޯޓެވެ. ޙާޟިރުވީ، 48 މެންބަރުންނެވެ. ރައްޔިތުންގެ ޢާއްމުވޯޓު ލުންބޭއްވުނީ، 30 ސެޕްޓެމްބަރު 1983މ، ގައެވެ. ފެންނަކަމަށް، 95.62 ޕަސަންޓު ލިބުނެވެ. ވޯޓުދެއްވީ، 85.84 ޕަސެންޓެވެ. ފަހެ، މިދުވަސްވަރަކީ، ރައީސް މައުމޫނުގެ ރަންޒަމާނެވެ. ޢުރޫޖުގެ ދުވަސްވަރެވެ. ދެންފެށީ ދަށަށްދާށެވެ. ޒަވާލުގެ ދުވަސްވަރަށް ފެށުނީއެވެ.

ދިވެހި ޖުމްހޫރިއްޔާގެ، 5 ވަނަ ރިޔާސީއިންތިޚާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ސިއްރުވޯޓުލުން ބޭއްވުނީ، 15 އޯގަސްޓު 1988މ. ގައެވެ. މިއީ، ރައީސްމައުމޫނުގެ ވެރިކަމުގެ، 3 ވަނަދައުރަށް ލެވުނުވޯޓެވެ. ރައީސް މައުމޫނަށް، 46 ވޯޓެވެ. ޙާޟިރުވީ، 46 މެމްބަރުންނެވެ. ރައްޔިތުންގެ ޢާއްމުވޯޓުގެ އިންތިޚާބު ބޭއްވުނީ، 23 ސެޕްޓެމްބަރު 1988މ، ގައެވެ. ފެންނަކަމަށް 96.37 ޕަސެންޓު ލިބުނެވެ. ވޯޓުދެއްވީ، 80.74 ޕަސެންޓެވެ. ދިވެހިތާރީޚުގައި، ރައީސުލް ޖުމްހޫރިއްޔާ އަކުހޮވުމަށް، މަޖިލީހުގެ ސިއްރުވޯޓެއްގައި އިއްތިފާޤު ވެވުނު މިއީ، ފުރަތަމަ ފަހަރެވެ. މިގޮތައް މިކަންވުމުގެ ސަބަބަކީ، މިއަހަރުދިވެހި ސަރުކާރަށް، ރާއްޖެއިން ބޭރުން އަމިއްލަ ފަރާތްތަކަކުން، ބޮޑެތިޢުދުވާނީ ގޮންޖެހުންތަކެއް އަތުވެދާނެކަމުގެ އިންޒާރުތަކެއް ލިބެމުން ދިއުމާ ގުޅިގެން އެކަމުގެ ދިފާޢުގައި ކުރެވުނު މަސައްކަތުގެ ނަތީޖާއެވެ.

ދިވެހި ޖުމްހޫރިއްޔާގެ، 6 ވަނަ ރިޔާސީއިންތިޚާބާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ސިއްރުވޯޓުލުން ބޭއްވުނީ، 23 އޯގަސްޓު 1993މ، ގައެވެ. މިއީ ރައީސް މައުމޫނުގެ ވެރިކަމުގެ، 4 ވަނަދައުރަށް ލެވުނުވޯޓެވެ. ރައީސް މައުމޫނަށް ލިބިލެއްވީ، 28 ވޯޓެވެ. އިލްޔާސް އިބްރާހީމަށް، 18 ވޯޓެވެ. ޢަބްދު ﷲ ޙަމީދަށް، 1 ވޯޓެވެ. ޙާޟިރުވީ، 47 މެމްބަރުންނެވެ. ރައްޔިތުންގެ ޢާއްމު އިންތިޚާބުގައި ފެންނަކަމަށް، 92.76 ޕަސެންޓު ލިބުނެވެ. ވޯޓުދެއްވީ، 83.44 ޕަސެންޓެވެ. މިވޯޓުލެވުނުއިރު، އަލްފާޟިލް އިލްޔާސް އިބްރާހީމު ހުންނެވީ، ރާއްޖެއިންބޭރަށް ފުރުއްވާލައްވާ ފައެވެ. ގަނޑުވަރުގެ ނުރަސްމީ އޯޑަރަށް މިދަތުރުގެ ހުރިހާކަމެއް ރާވައިދިނީ، އޭރުގައި ޑިފެންސް މިނިސްޓްރީގައި ދެވަނައަށް ހުންނެވި، އަލްފާޟިލް ޢަންބަރީ ޢަބްދުލް ސައްތާރެވެ. ފަހެ ޢަންބަރީއަކީ، އޭރު ޑިފެންސާއި އެއާމޯލްޑިވްސްގެ އެންމެ އިސްފަރާތް ކަމަށްވުމުން، އެކަން އެންމެފަސޭހައިން ރާވާލަދެވޭނެ، މީހަކީއޭނާއެވެ. އެދަތުރަށް ޗާޓަރުކުރި އެއާމޯލްޑިވްސްގެ ފުލައިޓާބެހޭ ލިޔުންތައް އެދުވަސްވަރު، އަޅުގަނޑުގެ މަސްއޫލުވެރި ކަމުގައި ނެރެވުނު “މަންތިރި” މަޖައްލާއަށް ފޮނުވިފަރާތެއް ނޭގޭގޮތަށް، އެޑްރެސްކޮށް ލިބުނެވެ. އިލްޔާސް ފުރުވާލުމަށް ނެގިޓިކެޓްގެ ތޮށިގަނޑުގެ ކޮޕީއެއްއޮތެވެ. އަދި “މަންތިރި” މަޖައްލާ ބަންދުކުރުމަށް ރައީސް އޮފީހުން ކަސްޓަމަށާއި އެހެން ތަންތަނަށް ލިޔުނު ސިޓީތަކުގެ ކޮޕީވެސް އަޅުގަނޑަށް، “މަންތިރި” އަށް އެޑްރެސްކޮށް ލިބުނެވެ. މިވާހަކަތައްވާނީ ތަޙުޤީޤުގައި އަޅުގަނޑު ކިޔައިދީފައެވެ. މިކަމުން ދޭހަވަނީ އޭރުވެސް އެފަންތީގައި ރައީސް މައުމޫނުގެ މިސިސްޓަމަށް ނަފުރަތުކުރާ މީހުން އެތެރޭގައި ތިބިކަމެވެ. އާދެ! އިލްޔާސްގެބޭބެ، އަލްފާޟިލް ޢައްބާސް އިބްރާހީމު އެދުވަސްވަރު ހުންނެވީ، މިނިސްޓަރު ކަމުންދުރުކޮށް ސިޔާސީގޮތުން ދެކަކޫ ޖައްސުވާފައެވެ. ޅިޔަންބެ “ރައީސް މައުމޫނު” ދެކެކޯފާވެގެން ރަށުތެރޭގައި ގޮވާނެގި ވާހަކަތަކާ ގުޅިގެންނެވެ. މިސިޒް ވެންކިއުލަންބާ ރުޅިއައުމުން، މޮންޓުސޫރީ ސްކޫލުގައި އުޅޭތުއްތުކުދިން ބަސްނޭހީމާ ނީލްޑައުން ކުރުވާބީދައިންނެވެ. ކޮންމެ އަކަސް، ސިޔާސީ ބަސްނޭހުމުގެ މިޢަމަލުވެގެން ދިޔައީ، ރައީސް މައުމޫނާ ދެކޮޅަށް ހިންގުނުބޮޑު ބަޣާވާތަކަށެވެ. ފަހެ، މިކަހަލަ ޢާއިލީބަޣާވާތް ތަކަކީ، ވެރިކަން ހަރުދަނާކޮށް، ވަރުގަދަކޮއްލުމަށް ހޯދާމުހިންމު ޗާންސެކެވެ. މީގެކުރިންވެސް މިކަހަލަ ބަޣާވަތްތައް ވެރިކަމުގެ ފަރާތުން، އެކިމީސް މީހުންލައްވާ އުފައްދުވާފައިވެސް އެބަހުއްޓެވެ.  މިހާރުވެސް ފެންނަމުންމިދާ އެތެރޭގެ ކޯޅުންތަކަކީ، މިބޭނުމުގައި ރާވައިގެންކުޅޭ ސިޔާސީ ރާޒުވާކުޅި ގަނޑެކެވެ. މިދެންނެވި، ބަޣާވަތް ފަޅާއަރަންދެން ދިވެހިރާއްޖޭގެ ޙަޤީޤީ ބާރުވެރިންގެ ގޮތުގައި ތިއްބެވީ، ރައީސް މައުމޫނުގެ ދެޅިޔަނުން ކަމުގައިވާ، އެންދެރިމާގޭ އިލްޔާސާއި ޢައްބާހެވެ. މިދެބޭންނަށް ޅިޔަނުމައުމޫނުގެ މައްޗަށް ބާރާއި ނުފޫޒު ވަރަށް ސާދާގޮތްގޮތަށް ހިންގަމުން ގެންދިޔައެވެ. ރާއްޖޭގެ ދިފާޢީކަންކަމުގެ ހުރިހާބާރަކާއި ވިޔަފާރިއާބެހޭ ހުރިހާ މުޢާމަލާތެއްގެ ބާރުއޮތީ އިލްޔާސް އަތުގައެވެ. ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ އެތެރޭގެޔާއިބޭރުގެ ހިންގުމުގެ ހުރިހާބާރެއްއޮތީ، ޢައްބާސް އަތުގައެވެ. ޤައުމުގެ ކަނޑިބަޑިއާއި އުލާސަމްސަލާއި ދުލާއިޤަލަންއޮތީ، އެބޭފުޅުންގެ ޢާއިލީބާރުގެ ދަށުގައެވެ. ކުޑަމަނިއްޕުޅު ސަމަރޭގެ ދައުރަކީވެސް ވަރަށްމުހިންމު ބައެކެވެ. ބޭބޭފުޅުންނާއި ކޮއްކޯފުޅުންގެ ދައުރަކީވެސް ފަނޑުވުމެއްނެތް އުސްއަލިތަކެކެވެ. ރައްޔިތުންނަށް ހައްދަވަމުން ގެންދެވީ ހިތަށް އެރިހާގޮތެކެވެ. ޤާނޫނު އަސާސީއާއި ޤާނޫނުތަކަކީ، އެއްގޮތަކަށްވެސް ނެތްއެއްޗެއް ފަދައެވެ. ގާނޫނު އަސާސީއޮތީ ފޮރުވާފައެވެ. “މަންތިރި” މަޖައްލާ ރަޖިސްޓްރީ ވެގެން ރޭޑިޔޯއިން ގޮވިދުވަހު، ނަންނުބުނެ މީހަކު، އަޅުގަނޑަށް ގުޅާފަވަރަށް ހުތުރުއެއްޗެތި ގޮވާފައި މައިތިރިވީމާ އަޅުގަނޑު ދަންނަވަންޖެހުނީ، ތީސަމަރޭ ނޫންތޯއެވެ! މިއީ އިންފޯމޭޝަން މިނިސްޓަރޭ ވިދާޅުވެފަ ތިޔަރުޅިގަނޑު ރީތިގޮތުގައި ދެއްކެވިނަމަ، މާޗާލުވީހޭ އަޅުގަނޑު ދެންނެވީމެވެ. ދެންރަކިވެގެން ފޯނުބާއްވައިފިއެވެ. ފަހެ، އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތުގެ ކަންތައްގަނޑު، މިވެރިންގެރީތި މިސާލަކަށް ފުދެއެވެ. ޖަލުގައި ބަރާބަރު، 3 އަހަރު ބެހެއްޓުމަށް ފަހު، އަޅުގަނޑު މިނިވަންކުރުމަށް، ރައީސް މައުމޫނު އަރިހަށް، ޑިފެންސް މިނިސްޓްރީގެ އެންމެމަތީގައި ހުންނަ ރަތްދޫލައެޅި ކޮމާންޑް ކޮޓަރިއަކަށް، ގެންދަވައި އަޅުގަނޑުމެން ދެމީހުން އެކަނިބައްދަލު ވިދުވަހު، ރައީސްމައުމޫނު ކުރެއްވި ވަރަށް ދެކޮޅުނުޖެހޭ ކަމެއްގެ ގޮތުގައި، އެފްޕީއައިޑީގެ މައްސަލަ ތަޙުޤީޤު ކުރިރިޕޯޓު މަޖިލީހަށް ހުށަނޭޅުއްވި މައްސަލަ ފާހަގަކޮށް، އަޅުގަނޑު ދެންނެވީމައި ވިދާޅުވީ، އަދި އެރިޕޯޓު، މަޖިލީހަށް ހުށަނޭޅިފައެއް ނެތެއްނޫން ތޯއެވެ. އެއީ ތިމަންނަ ވަރަށް ފަރުވާތެރިކަން ދީގެން ޚާއްސަކޮމެޓީއެއް އެކަމަށް ނަގައިގެން ހައްދާއިއެކުލަވާލި ރިޕޯޓެއްކަމަށެވެ. ރާއްޖެއިންބޭރުގެ ވަކީލުންނަށް ވެސް އެރިޕޯޓު ދެއްކެވި، ކަމަށް ވިދާޅުވެފައި، އަޅުގަނޑުގާތުގައި ވިދާޅުވީ، އަދި މަޖިލީހަށް ހުށަހެޅިދާނެތާއެވެ. ރީތިބަސް ތަކަކުން އަޅުގަނޑު ފިނިކޮށް ލެއްވީއެވެ. އެހެނަސް އަޑުތައް ފެތުރެމުންދަނީ، މިހާރު އެރިޕޯޓުގެ އަސްލުތައް ވީތަނެއްވެސް ނޭނގޭކަމަށެވެ. އެޓޮލްސް މިނިސްޓްރީގައި އުޅުއްވި، މިހާރުނިޔާވެފައިވާ އަލްމަރުޙޫމް އަޙްމަދު ޙަލީމް (ނައިބުގެ) އަޅުގަނޑެ ގާތުގައި ވިދާޅުވެފައި ވެއެވެ. އޭނާއަތުގައި އެރިޕޯޓުގެ އަސްލުކޮޕީއެއް އޮވެއެވެ. އެކަމަކު އެވިދާޅުވާ ކޮޕީއެއް އަޅުގަނޑު އާދޭސް ކޮށްކޮށްވެސް ބަލާލަންވެސް ނުދެއްކެވިއެވެ. ﷲ އޭނާގެ ފުރާނަފުޅަށް ރަޙްމަތް ލައްވާށިއެވެ! ރައްޔިތުން މަޖިލީހުގެ އިދާރާއިންނާއި އަތޮޅުތަކުގެ އެތަންމިތަނުން ލިބިފައިހުރި ޤަދީމީ ލިޔުންތައް ހުންނާނެ ކަމަށް ވިދާޅުވެ، ބައެއްލިޔުންތައް އޭނާގެ ގެއަށް ގެންދަވައިގެން، އަޅުގަނޑަށް ދައްކަވާވެސް ހެއްދެވިއެވެ. ފަހެ، މިއީ މިދެމުއައްސަސާގައި އެންމެ އިސްކޮށް ހުންނެވި ވަޒީރަކާ އޮންނަ އާދަޔާޚިލާފު ގާތްގުޅުމެއްގެ ސަބަބުން، ގައުމީތަރިކައިގެ ތެރެއިން އޭނާއަށް ލިބިލައްވާފައިވާ އަގުބޮޑު ތަކެތިކަމުގައި ވެދާނެއެވެ. އާދެ! އެފްޕީއައިޑީގެ ބޮޑެތި ޚިޔާނާތުގެބައެއް މުހިންމު ފައިލުތައްހުރީ، އޯޑިޓްއޮފީހުގެ ވެރިޔާ ކުޑަދަހަރާގޭ އަލްފާޟިލް ޢަބްދުލް ރަޝީދުގެ ރަސްމީމޭޒުކޮޅު މަތީގައެވެ. އެދުވަސްވަރު މާލެތެރޭގައި ސަރުކާރުން ނުރަސްމީކޮށް އެހީދީގެން އުފައްދާފައިއޮތް، ބިންބިފޯހުގެ އިސްލީޑަރެއްގެ މޮޅުރޭވުމުން އޯޑިޓްއޮފީހަށްވަދެ، ވަގުތަޅުދަނޑިއެއް ބޭނުންކޮށްގެން އެކޮޓަރިކޮޅު ހުޅުވައި މޭޒުމަތީގައި އޮތްފައިލުވަނީ، ވަގަށް އެއޮފީހުންބޭރު ކުރެވިފައެވެ. މިކަންތައްގަނޑު ތެރޭގައި ޢަބްދުއް ރަޝީދުގެ ވަޒީފާއެހެން އޮފީހަކަށް އެއްވެސް އެނގުމަކާ ނުލާބަދަލު ކުރެވުމުން، އޭނާގެ ވިސްނުންޚަލަލުވެ ހަދާންނެތޭ ބަލިޖެހި، ދެފަޔަށް ދެކުލައިގެ އިސްޓާކީނު ލައްވައިގެން އުޅުއްވަން ޖެހުނުތަންވެސް އަޅުގަނޑު ދުށީމެވެ. އެންމެފަހުން މިކަންވެގެން ދިޔައީ އޭނާއަށް ޖެހުނު ބޮޑުބައްޔަކަށެވެ. އާދެ! އަޅުގަނޑުމެންގެ ޖުމްހޫރިއްޔަތުގެ ވެރިކަމުގެ ނިޒާމުގައި ހުރިޙާލަކީ، މިއެވެ. ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އެހާދަށްކޮށް އޮތްއިރު، ޤައުމުގެ އާޘާރުގައިވެސް އަގުހުރި އެއްވެސް އެއްޗެއް ފޮރުވިފައެއް ނެތެވެ. އަތޮޅުތަކަށް ދެއްކި ހުވަފެނަކީ، ރަށުއޮފީސް ތަކަކާއި ރަށުކޯޓުތަކަކާއި އަތޮޅުއޮފީސް ޢިމާރާތް ތަކެކެވެ. ދެފަރާތުގައި ހުދުކުލަލާފައި ހުރިމިޢިމާރާތް ތަކުގެބޭނުންހިފަނީ، އަތޮޅުތަކަށް ވަޑައިގަންނަވާ ބޮޑުންގެ ފަސޭހަތަކަށާއި އަރާމަށެވެ. ކަތީބުންނާއި އަތޮޅުވެރިން ރާވައިދޭ ނާޗަރަނގީ ތަކަށެވެ. މަރިޔާދުގެތަކާއި ޚާއްޞަ އުނދޯލިގެތައް ހެދިފައި ހުރެއެވެ. ލޮނުފެނުގެ ބޮޑެތި މަސްފެންގަނޑު، ދިރިދިރިހުންނަ ފާނަފަދަ މަސްމަސްހޫނުކޮށް ފަރިއްކޮޅަށް އެރުވޭވޭގޮތަށް ހެދިފައި ހުރެއެވެ. ވިދާޅުވާ ވައްތަރެއްގެ މަހެއް ދިރިދިރިއޮއްވާ ނަގައިގެން ތައްޔާރުކޮށް ދެވެއެވެ. މިތަންތަން ބެލެހެއްޓުމަށް ހެސްކިޔާފައި ރިކަރަންޓް ޚަރަދުހިނގައެވެ. ހިތުހުރިގޮތަކަށް ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްލަނީއެވެ. މިޢިމާރާތް ތަކުން ރައްޔިތުންނަށް މާބޮޑުފައިދާއެއް ނުކުރެއެވެ. ރައްޔިތުންގެ މާލީޙާލަތާއި ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަށް، އެއްވެސް ރޭވުމެއްކަމެއްކޮށް ދިނުމެއް ނެތެވެ. ލުއިލޯނުތައް ރައްޔިތުންނަށް ދީގެން ދިރިއުޅުން މަތިކުރުމަށް އެއްވެސް ކަމެއްނުކުރެއެވެ. ދެހާސްވަނަ އަހަރާހަމައަށް ބަޖެޓުގެ އިޤްތިޞޯދީޙާލަތު ކުރިއެރުވުމާބެހޭ އައިޓަމުތަކަށް ބަލައިލާއިރު އޮންނަނީ ސުމަކަށް ވެއްޓިފައެވެ. ޢިމާރާތާބެހޭ ނުވައެއް ޕޮއިންޓްގެ އައިޓަމް ތަކަށް ބަލައިލާއިރު އޮންނަނީ އަރައިގެންގޮސް މާމަތީގައެވެ. އަދި ހުރިހާ އަތޮޅުތަކަށް ބަޖެޓުކުރެވެނީ މާލެއަށްވުރެ މަދުކޮށެވެ. މިއީނޭގިތިބެ ވެފައިވާކަމެއްނޫނެވެ. ޤަޞްދުގައި ކޮށްފައިވާބޮޑު އިހުމާލުވުމެކެވެ. މިގޮތުން ރައްޔިތުންނަށް ވެފައިވާ އިހުމާލަކީ ޕްލޭނިންގއާއި ފައިނޭންސް، މިދެމިނިސްޓްރީގެ ކުރީގެރެކޯޑުތަކުން ވަރަށް ތަފްސީލުކޮށް ބެލޭނެކަންތަކެވެ. ރައްޔިތުންތިބީ އަޅާނުލާ ވާނެގޮތެއްވާން ދޫކޮށްލާފައެވެ. އެތަންމިތަނަށް ވިއްސިވިހާލި ވާންވީއެވެ. ރައީސް މައުމޫނަށް އައްސަރިބަހާއި ސާބަހެވެ! އަރިސް ވަޒީރުންނާއި އަރިސް ކެބިނެޓުގެ ވަޒީރުނަނަށް، ހަމަ ސާބަސް ވެދުމަށް އަރުވާވަރުވެއެވެ! ކުރިޔަށް އޮތްޖީލަށް ފަހަށް ފޮރުވިފައިއޮތް، އެއްވެސް އެއްޗެއް ދައުލަތުގެ ޚަޒާނާއާއި ވެށީގައި ނެތެނީއެވެ. ހިތާމައިގެ ކޮޅެއްނެތެވެ! ރައްޔިތުން، ތިބީކުރާނެ ކަމެއް ނެތިފައެވެ. ފަހެ، އިސްލާމީ ޑިމޮކްރަސީއެއްގެ ވާހަކަތައް، އަޅުގަނޑަށް ފުރިހަމަ ކުރެވޭނީ، މިވާހަކަތައް ހަދާނަށް، ގެނެސްދެމުންނެވެ. އިސްލާމީ ޑިމޮކްރަސީއަކީ، އެންމެ ނިކަމެތިމީހާގެ ޙައްޤުވެސް ޙިމާޔަތްކޮށްދޭ ދީނީޢަޤީދާގެ ޑިމޮކްރަސީއެވެ. ބައިތުލްމާލުގެ ކޮންމެފައިސާ ފޮއްޗަކުންވެސް  އެންމެންނަށް ފައިދާފޯރުވައިދޭ އިސްލާމީ ޑިމޮކްރަސީ އެވެ. ދިވެހި ހުރިހާބޮލަކަށް ހަމަހަމައަށް، ފައިދާ އެޅެންވާނެއެވެ. އެފައިސާ ބެހިގެންދާނެ ހަމައެއް ރޭވިފައި އޮންނަންޖެހޭ ނެއެވެ. ރައްޔިތުންގެ ހަރުމުދާ ކަމުގައިވާ ފަޅުރަށްތަކާއި ފިނޮޅުތަކާއި ގިރިތަކާއި ބޮޑެތިފަޅުތަކުން، ބޭނުމީ، ރައްޔިތުންނަށް ބައިކުޅަބައި ފައިދާއެޅޭނެ އިސްލާމީ ޑިމޮކްރަސީއެވެ. ލ.ގަން ކަހަލަ ބޮޑެތިރީތި، ދިގުބީޗުތައް އޮންނަ ރަށްރަށުގައި ރައްޔިތުން ޙިއްޞާވާ، 10 ބުރީގެ ފައިވްސްޓާރ ސިޓީހޮޓާތައް ބިނާކުރެވިފައި ހުންނާނެ އިސްލާމީ ޑިމޮކްރަސީއެވެ. އެންމެންނަށް ހަމަހަމަކޮށް ހުޅުވާލެވިފައިވާ ވިޔަފާރިއެއް އޮންނަ އިސްލާމީ ޑިމޮކްރަސީއެވެ. ވެރިކަމާއި ސިޔާސީ މަޤާމުތައް ދައުރު ވަމުންދާ ގޮތަށް އޮންނަ އިސްލާމީ ޑިމޮކްރަސީއެވެ. އެންމެންނަށް އެއްއައްޤެއް އޮންނަ އިސްލާމީ ޑިމޮކްރަސީއެވެ. އަސާސީޙައްޤު ތަކުން، މަޙްރޫމުވެފައިވާ މީހުންނަށް އެޙައްޤުތައް ލިބިދޭ އިސްލާމީ ޑިމޮކްރަސީއެވެ. ތަޢުލީމާއި ޞިއްޙަތު އެންމެ ފަޤީރުމީހާ އަށްވެސް ލިބިދޭ އިސްލާމީ ޑިމޮކްރަސީއެވެ. ހިޔާވަހިކަމާއި ސާފުބޯފެން އެންމެފަޤީރު މީހާއަށް ވެސް ލިބިދޭ އިސްލާމީ ޑިމޮކްރަސީއެވެ. މިހިރިހުރިހާ ކަމަކީވެސް ވަކިފަންޑުތައް ހަދައިގެން ކޮންމެހެންވެސް ސަރުކާރުން، ކޮށްދޭންޖެހޭނެ ވަރަށްމުހިންމު ކަންތަކެވެ. ކޮންމެހެން ވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީޙައްޤު ތަކެވެ. ސަރުކާރުން މުއްސަނދިކޮށް ދީފައިތިބޭ ބޮޑެތި މަހުޖަނުން، މިފަދަ އަސާސީ ޙައްޤާބެހޭކަންތައް، ރައްޔިރުންނަށް ފޯރުކޮށް ދޭތަން ބަލަން ހަމަހިމޭނުން އޮންނަ ސަރުކާރަކީ، މުއްސަނދި މަހުޖަނުންގެ ދަށުވެފައިއޮންނަ ސަރުކާރެއްކަން ކަށަވަރެވެ. ސަރުކާރެއް މިދަރަޖައަށް، މުއްސަނދި ބައެއްގެ ދަށުވެއްޖެނަމަ، ރައްޔިތުންނުކުމެ އެސަރުކާރެއް ބަދަލުކުރުން ލާޒިމުވާނެއެވެ. މިދެންނެވި އަސާސީ ޙައްޤުތައް، އެންމެ ފަޤީރު މީހާއަށްވެސް ފޯރުކޮށްދޭން ޖެހޭނެއެވެ. އެކަން ކޮށްދޭނީ، ސީދާރައްޔިތުންގެ ސަރުކާރުންނެވެ. ބޮޑެތި މަހުޖަނުންނެއް ނޫނެވެ. ސީދާ ޖުމްހޫރީވެރި ކަމުންނެވެ. ބޮޑެތި މަހުޖަނުން ނުކުމެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދިނުމާ ޙަވާލުވުމުން، ޖުމްހޫރިއްޔަތު ނެތުނީއެވެ. ރައްޔިތުންގެ ވެރިކަން ނެތުނީއެވެ. މަހުޖަނުންގެ ސަރުކާރަކަށް ބަދަލުވީއެވެ. ފަހެ، ދަންނާށެވެ! އަބަދުވެސް ފަޤީރުންނަށް އަޅާލާއި ޙައްޤުތައް ދަމަހައްޓައިދޭ، އެންމެފުރިހަމަ ޑިމޮކްރަސީއަކީ، އިސްލާމީ ޑިމޮކްރަސީއެވެ. ޙަލާލު ހުރިހާމަގަކުން ވިޔަފާރި ކުރުމާއި މުޢާމަލާތު ހިންގުމުގެ ހުރިހާދޮރެއް އޮންނާނީ، މިނިވަންކޮށް އެންމެހާ ރައްޔިތުންނަށް ހަމަހަމައަށް ހުޅުވާލެވިފައެވެ. އެމީހެއްގެ ޙައްޤު އެމީހަކަށް، ބޭނުންކުރުމުގެ ފުރިހަމަ މިނިވިންކަން އޮންނާނީ ހުޅުވާލެވިފައެވެ. މުދާމިލްކުކޮށް ވިއްކާހެދޭނެއެވެ.

އާދެ! ވާހަކަދެކެ ވެމުންމިދާ ރިޔާސީވޯޓު ނެގުނުއިރު، އިލްޔާސްގެ މައްޗަށްވަނީ، އަސާސީއާ ޚިލާފުވުމުގެ މައްސަލަތަކެއް ގަދަކަމުން ސާބިތުކޮށް، ދައުލަތުން އޭނާގެ މައްޗަށް ދަޢުވާތަކެއް ހުށަހަޅާފައެވެ. މިދަޢުވާ ތަކަށް އެކަށީގެންވާ ބޮޑެތި ނިޔާތައް، ޝަރީޢަތް މެދުވެރިކޮށް އިއްވުނެވެ. ވަރަށް މުޑުދާރުކޮށް އިންތިހާ ދަށްދަރަޖައަކަށް ރައްޔިތުންގެ ތެރޭގައި އިލްޔާސް ބަދުނާމުކޮށް ލިއެވެ. ފަހެ، އެންދެރިމާގެއަށް ނިސްބަތްވާ އެދެބޭންނަކީ، ސިޔާސީ ލީޑަރުން ކަމުގައިވާނަމަ، މުޅިމިސިޔާސީ ޙާދިޘާއާއި ވާހަކަތަކަކީ، ސިކުޑީގެ އެންމެ އަޑީގައި ބިންވަޅު ނެގިފައި ހުންނަންޖެހޭނެ ސިޔާސީ ކަންތަކެވެ. ފުހެލާފަސޭހަ ކޮށްލެވޭނެ ޒަހަމްތަކެއް ނޫނެވެ. އެފާރުގަނޑު ފަސޭހަވިޔަސް ލަކުނުތައް ތާއަބަދަށް ފެނިފެނި ދިރިދިރި ހުންނާނެއެވެ. މިއީ ނަފްސިއްޔާތީ ތަޖުރިބާ ކާރުންގެ ނިންމުމެކެވެ. އަޅުގަނޑު އަމިއްލައަށް ބުނެލިޔެލާ، ވާހަކައެއް ނޫނެވެ. ފަހެ، މިއީ ފަސޭހަވެ، ލަކުނު ފޮހެވިގެންދާނެ ފާރުގަނޑެއް ކަމުގައި، ޤަބޫލުކުރުމަކީ، ބުއްދީގެ އުނިކަން ކަމުގައިނޫނީ ބެލެވޭކަށް ނެތެވެ. މިބަހުގެ އެއްމާނައަކީ، ދިވެހި ދައުލަތުގެ ޚަޒާނާގެ މިދުވަސްވަރުގެ ވެރިޔާ، އޮނަރަބްލް ޤާސިމް އިބްރާހީމަށް، މަނިޓަރީ އޮތޯރިޓީގެ ހުރިހާބާރެއް ދެއްވައިގެން، ރައީސް މައުމޫނު އެހުންނެވީ، އެންދެރިމާގޭ ދެބޭންނާއެކު، މިތިން، އިބްރާހީމުންނައި މުޅިން ރުހިވަޑައިގެނެއް ނޫނެވެ. އިބްރާހީމުން ތަކުގެ މިކޭންޕަކީ، އަޅުގަނޑުގެ ދިރާސާއަށް ފެންނަގޮތުގައި، އެންމެ އެއްދުވަހަށް ނަމަވެސް ރާއްޖޭގެ އެންމެމަތީ ސަންދާނު ބޭނުންވާ، ގަދަފިޔައެކެވެ. މީގެތެރޭގައި ރައީސް މައުމޫނުގެ ލޮބުވެތި އަނބިކަމަނާ އާދެ! ރާއްޖޭގެ ފަސްޓްލޭޑީ އަލްފާޟިލާ ނަސްރީނާ އިބްރާހީމް ވެސް ހިމެނެއެވެ. ފަހެ، މިކަމަނާއަކީ ވެސް އިބްރާހީމީންގެ ތެރެއިންވާ ކަމަނާއެކެވެ. އާދެ! މިބޭފުޅުންނަކީ، ރައީސް މައުމޫނާ، ދުވަހަކުވެސް ވަކިނުވެވޭ ވަރުގެ ޅިޔަނުންކަމަށް ވިޔަސް، މިއީތަޖުރިބާ ކުރެވިފައިހުރި ތާރީޚީ ޙާދިޘާތަކެއްގެ ނިމުންތަކުގެ ނަތީޖާގެމައްޗަށް ބިނާކޮށް ދަންނަވާ ވަރުގަދަ ސިޔާސީ ބުރަދަނެއްހުރި ވާހަކައެކެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގެ ދުރުމިން ބަލާލާއިރު އަޅުގަނޑަށް ފެންނަސިޔާސީ މަންޒަރެކެވެ. މާޒީގައި ވެއްޓިފައިހުރި، ބޮޑެތި ދައުލަތްތަކުގެ ވެއްޓުމާމެދު، ހެދިފައިހުރި ދިރާސާތަކުން މިޒާތުގެ ވަރަށްގިނަ ފިލާވަޅުތައް ތަޖުރިބާ ކުރެވިފައި ފެންނަން އެބަހުއްޓެވެ.

އާދެ! އެންދެރިމާގޭ އިލްޔާސް އިބްރާހީމް، 18 ވޯޓުހޯއްދެވި ފަހަރުގެ ކެންޕޭނަކީ، ރައީސް މައުމޫނަށް، އެއްވެސްކަހަލަ އެނގުމަކާނުލައި ރައްޔިތުންނައި ކުރިމަތިލައް ވައިގެން ހޯއްދެވި ކާމިޔާބެއް ނަމަ، އެކަމުގެ ޚުޠޫރަތްރެރިކަން މާބޮޑެވެ. ރައީސް މައުމޫނައި، އަޅުގަނޑު ގަނޑުވަރުގައި ވަކިން ބައްދަލުވި ފަހަރެއްގައި މިސުވާލާމެދު ވާހަކަ ބަދަލުކުރެވުމުން، އެމަނިކުފާނު، އަޅުގަނޑަށް ވިދާޅުވެދެއްވާ ފައިވަނީ، އެހާގާތް މީހެއްގެ ގޮތުގައި ހުނަނަވައިގެން، އިލްޔާސް ވެރިކަމަށް އެރުއްވުމަށް މަސައްކަތް ކުރެއްވީ، އެއްވެސް ގޮތަކަށް ތިމަންނާއަށް އެނގުމަކައި ނުލާސިއްރުން ކަމަށެވެ. ތިމަންނާއަށް އެނގުނު ހިސާބުން، ޤާނޫނީފިޔަވަޅު އަޅަންޖެހި ވަޑައިގަތީ ކަމަށެވެ. އަޅުގަނޑުގެ ވާހަކަ ގެންދިޔައީ އަޅުގަނޑަށް ޤަބޫލުކުރެވިފައި އޮތްގޮތަށެވެ. އެއީ، ރައީސް މައުމޫނު އަރިހުން ފެހިސިގުނަލެއް ލިބިލައްވައިގެން ނޫނީ، އިލްޔާސަށް އެފަދަ ހިތްވަރުގަދަ ޢަމަލެއް ކުރިޔަށް ގެންދަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. މިއީ، އަޅުގަނޑާއި ރައީސް މައުމޫނާ ދެމެދު މިބަޣާވާތާ، ގުޅޭގޮތުން ދެކެވުނު ވާހަކައިގެ ވަރަށް ކުރުޚުލާޞާ އެކެވެ. ފަހެ، ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވާނީ، ﷲ އެވެ.

ފަހެ، ދަންނާށެވެ! ޖުމްހޫރީ ވެރިކަމެއްގައި ރައީސުލް ޖުމްހޫރިއްޔާ އެއްގެ ވާޖިބަކީ، ޙަސަބާއި ނަޞަބަށް ބެލުމެއްނެތި އެންމެންނަށް ހަމަހަމަކޮށް ޤާނޫނީފިޔަވަޅު އަޅުއްވައި ޤާނޫނީ ޙިމާޔަތް އެންމެންނަށް ފޯރުކޮށްދިނުމެވެ. ޙައްޤުޤޮތުގައި ރައްޔިތުންނަށް އަސާސީ، ތަންފީޒު ކޮށްދިނުމެވެ. ފުނަލެއްގެ ދަތްތައް ރޭވިފައި ހުންނަހެން ހަމަހަމަކޮށް ދިނުމެވެ. ފަރުދުންނާއި ޖަމާޢަތްތަކަށް ބޭއިންޞާފައި ކުރިމަތި ލާންނުޖެހި، އެންމެންނަށް ޢަދުލުއިންޞާފު ޤައިމުކޮށް ދިނުމެވެ. ބާރުތައް ވަކިވަކިން ބަހާލައި ޒިންމާދާރު ކުރުވުމެވެ. އިސްލާމީ ޑިމޮކްރަސީ ތަންފީޒުކޮށް ތަޠްބީޤު ކުރުމަކީ، މިއެވެ. ފަރުދެއް، ޖަމާޢަތެއް، ނުވަތަ އެއްވެސް އިންސާނެއްދެކެ އެކަކުވެސް ބިރުގަނެ ގެންނުވާނެއެވެ. ނުލަފާގޭންގުތަކާއި ފައިސާގެންގުޅޭ ވިޔަފާރިވެރިންނަށް ޚާއްޞަގޮތްތަކެއް ފަހިކުރެވިފައި ހުރެގެން ނުވާނެއެވެ. ވެރިކަމުގެ ނިޒާމުގެތެރޭގައި ބެހެއްޓިގެން ނުވާނެއެވެ. ޤައުމުތައް ހަލާކުކޮށް ފަސާދަކުރާ މީހުންނަކީ، އެޤައުމެއްގެ ބޮޑެތި ވިޔަފާރި ވެރިންނެވެ. ފަހެ، ވިޔަފާރި ވެރިންނަށްވާތީ، ޚާއްޞަޢިނާޔަތް ތަކެއް ވެރިކަމުގެ ނިޒާމުގެ ތެރެއިން ނުލިބުމެވެ. ތަޢުލީމާއި ވިޔަފާރި އޮންނަންޖެހޭނީ މިނިވަންކޮށް އެންމެންނަށް އެއްވަރަކަށް ހުޅުވާލެވިފައެވެ. މިކަންތައް ހިފާއްޓައި ވަކިބަޔަކު ކުރިޔަށް ނެރުމަކީ، ރައްޔިތުންގެ ވެރިކަމެއްނޫނެވެ. އިސްތިބުދާދުގެ މަގުން ވެރިކަންކުރުމެވެ. މިބީދައިން އެންމެންނަށް އެއްހަމައަކުން، އަސާސީ ތަންފީޒުކޮށް ނުދެވޭ ވަޒީރަކު ހުރިއްޔާ، ވަޤުތުން ދުރަށްޖައްސަން ޖެހޭނެ އެވެ. ހިންގޭވަރުގެ މީހަކުގެންނަން ވީއެވެ. މީހުންމަދު ވެގެން އެވާހަކަ ދައްކަވަންޖެހި ވަޑައިގަންނަ ވަނީ، އަމިއްލަ ޝަޚުޞީބާރުގެ ބޭނުންހިއްޕެވުމުގެ އެދުން އޮންނަލެއް ބޮޑުކަމުންނެވެ. ތަޢުލީމީ ޒުވާނުން ރާއްޖެއިން ބޭރަށްފުރަ ފުރައިގެން ދާންޖެހެނީ މިސަބަބުތަކާ، ހެދިއެވެ. މިފަދަ ދިވެހި ވިސްނުންތެރި ސިކުޑީގެ އަހުލުވެރިން، ރާއްޖެއިން ބޭރުގައި ދިރިއުޅޭލެއް މަދެއް ނޫނެވެ. އެއްގޮތަކަށް ވެސް، ވެރިކަމުގެ ދަރުބާރުތެރެއިން ދުރުކުރެވޭ މީހެއްގެ ފުށުން އަތުވެދާނެ ސިޔާސީ ރޯޅިއަކަށް، ވިދުވަރަކަށް، ނުވަތަ ވަރުގަދަ ޙަމަލާއަކަށް ބިރުގަތުމަކީ، ވެރިމީހާގެއެންމެ ފިނޑިކަމެވެ. މިގޮތްވާނަމަ، ޖުމްހޫރީ ވެރިކަމުން، ޝަޚުޞީވެރި ކަމަކަށް މަގުފަހި ކުރެވުނީއެވެ. ބިރުގަންނަންޖެހޭ ފެންވަރަށް ރައްޔިތުންގެ ރުހުންލިބިފައިވާ ސިޔާސީލީޑަރުން މިރާއްޖެއަކު އަދިއެއް ފެންނާކަށް ނެތެވެ. އެފެންވަރުގެ ސިޔާސީ ޝަޚުޞިއްޔަތެއްގެ ބަޠޮލުން މައިދާނުގައި ފެންނަން ތިބިނަމަ، ދިވެހި ސަރުކާރުން، ވަރަށްފަހައި ޖެހެންދެން ރައްޔިތުންނަށް ކުރިހާފަސާދައެއް ކުރުމުގައި އެހީތެރި ވެދީފައިވާ ކުރީގެ ދެވަޒީރުން ކަމުގައިވާ، އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީއާއި ޑޮކްޓަރު މުހަންމަދު މުނައްވަރަށް އެފަދަބިރު، މައުމޫނު ސަރުކާރަށް ދެއްކުނީހެވެ. އަދި ރައްޔިތުންގެ ރުހުމާއި ލޯބިލިބިގަނެ މިލްކު ކުރެވުނީހެވެ. އެކަކީ، މުޅިޤައުމުގެ ދިރުން ފަރުމާކުރުމުގައި އިސްކޮށް ހުންނެވި ރޭވުންތެރިޔާއެވެ. އަނެކަކީ، އަސާސީއައި އެއްގޮތައް މުޅިޤައުމު ދަމަހައްޓައިދިނުމަށް އެންމެއިސްކޮށް ހުންނެވިމީހާއެވެ. މިދެމީހުން ކުރިކަންތަކޭ، ރައީސް މައުމޫނު އޭރާއިމިހާރުވެސް، އެކުރައްވަމުން ގެންދަވާ ކަންތަކެކޭ އެއްވެސް ތަފާތެއްނެތެވެ. ސިޔާސީ މަސްރަޙުގައި އަދި، ފެންނަން މިތިބި، ސިޔާސި ލީޑަރުންގެ ސިކުޑީގައި ރައްޔިތުންގެލޯބި މިލްކުކުރެވޭ ވަރުގެ ކުޅަދާނަ ޝަޚުޞިއްޔަތެއް އަދިއެއް ނުފެނެއެވެ. އަދި މިފެންނަނީ، މުޅިންވެސް ރައްޔިތުންނައި މާދުރުގައި އަމިއްލަ ޚިޔާލީފޮލާއެއްގެ ފޮނިދުނިޔެ އެއްގައި އުޅުއްވާ ބައެކެވެ. ފަހެ، ދަންނާށެވެ! ހަމަކަށަވަރުން، މަސްއޫލު ވެރިންނާއި ޒިންމާދާރު މީހުން ބިރުގަންނަން ޖެހޭނީ، އިންސާނުން ހެއްދެވިފަރާތް ކަމުގައިވާ، ﷲ އަށެވެ. ﷲ ފިޔަވައި އެހެންއެއްވެސް ފަރާތެއްދެކެ ބިރުގަނެ ހީކަރުވަން ފަށައިފިނަމަ، ޙައްޤު ގޮތުގައި އަދާކުރެވޭނެ، މަސްއޫލިއްޔަތަކާއި ޒިންމާއެއް ނޯންނާނެއެވެ. ފަހެ، ރައީސުލް ޖުމްހޫރިއްޔާގެ ހުވާއޮތްލެއް ވަރަށް ފުރިހަމަވެފައި މޮޅެވެ. ވަރަށްދީނީ ހުވައެކެވެ. ޢަޤީދާއާގުޅޭ ހިތުންނިޔަތް ގަންނަންޖެހޭ ހުވައެކެވެ. ދެރަކަމަކީ، ކަނޑައެޅިގެން ހުވަޔާޚިލާފު ވާތީއެވެ. ދެންފަހެ ދަންނާށެވެ! އިޞްލާޙު ގެނެސްދިނުމަކީ، މިހާރުޢަމަލު ކުރެވެމުން މިދާއަސާސީގެ ދަށުންވެސް ގެނެސް ދެވެންހުރި ހުރިހާ އިޞްލާޙެއް މިހާރުން މިހާރަށް ގެނެސްދިނުމެވެ. ތަންފީޒު ކޮށްދިނުމެވެ. ކޮންމެހެން އަސާސީ އިޞްލާޙުވެ ނިމެންދެނޭ ކިޔާފައި، ރައްޔިތުން ކަނުއަނދިރީގައި އަނިޔާލިބެމުންދާ ބައެއްގެ ގޮތުގައި ބައިތިއްބާކަށް ނުޖެހޭނެއެވެ. ރައްޔިތުންދެކެ ލޯބިވުމަކީ، ހަމަހަމަކޮށް އެންމެންނަށް އެއްޙައްޤެއް ގެންގުޅުމެވެ. ޒަމާނީ ޑިމޮކްރަސީއޭ، ލިބަރަލް ޑިމޮކްރަސީއޭ، ކިޔަން ދަސްކޮށް ދީގެން މިއުޅެނީ، “އިސްލާމީ” މިލަފުޡު ބޭނުންނުކުރަން ވެގެންނެވެ. ކޮން “ޒަމާނީ” އެއްތޯއެވެ؟ ކޮން “ލިބަރަލް” އެއްތޯއެވެ؟ ހުރިހާގޮތަކަށް ބެއްޔަސް “އިސްލާމީ” ކިޔުން، މާރީއްޗެވެ! މާފަސޭހައެވެ! ކިޔާލަން ދުލަށް ފަސޭހަވެފައި މާހިތްހަމަ ޖެހެއެވެ. ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ލިބެއެވެ. މިފަދަ އޮޅުންއަރާ ކަހަލަ ބަސްތައް ނެރެގެން އުޅެނީ ޞަހުޔޫނީން ނާއި ނަޞާރާ ފައްޅިތަކުންނެވެ. ދީނާމެދު އިސްލާމީ ދަރިވަރުން ފޫހިކުރުވާއި ނަފުރަތު ކުރުވުމަށެވެ. ފަހެ، ކޮންމެބޭފުޅަކަށް ވެސް ވިސްނަވާ ލައްވައިފިއްޔާ އެނގިވަޑައި ގަންނަވާނެއެވެ. ފައިސާދީގެން މަޖުބޫރުކޮށް އެތަން މިތާގައި ދިގުސަފުތައް، ހައްދައިގެން މޫވީކޮށް، ފޮޓޯނެގުމުން އެލިބެނީ ރައްޔިތުންގެ ލޯތްބާއި ރުހުން ތޯއެވެ؟ އެއްގޮތަކަށް ވެސްއެއީ ޙަޤީޤީ މަންޒަރެއް ނޫނެވެ. ފަހެ، ބޮޑުމަންޒަރަކީ އެލިބެނީ، ޙަޤީޤީރުހުމާއި ލޯތްބެއް ނޫންކަމެވެ. ހިތައި ދެކޮޅައްވެސް، އެކަންކޮށް ފާނެކަން ދަންނަންވާ ނެއެވެ. ރާއްޖެއާއި ރާއްޖެއިން ބޭރަށް ގިނަޢަދަދަކަށް ބަހާލަމުންގެންދާ އެމަންޒަރުތަކާއި ވީޑިޔޯތައް އިސާހިތަކު، ބޮޑުވަބާ އަކަށް ބަދަލުވުމަކީ، ވެދާނެ ކަމެކެވެ. ދުރުކަމެއް ނޫނެވެ. ރައީސް އަމީންދީދީ ވެސް މުތަޤައްދިމު ޕާޓި އުފައްދަވައިގެން ކުޅުއްވީ ހަމަމިޒާތުގެ ސިޔާސީ ކުޅިވަރެކެވެ. ފޯރިގަނޑު ތެރޭގައި އެންމެ މުހިންމު ދިމާތައްހުރީ، ހަދާނުން ކެހިގެން ގޮސްފައެވެ. އެންމެފަހުން،، 13 މާޗް 2007މ، ގައި ފެނިގެންދިޔަ، ކަނާތްފަރާތުގައި ޑީއާރުޕީގެ މުއައްސިސެއް ކަމުގައިވާ، ހޯރަފުށީ ސަލީމެވެ. ވާއަތްފަރާތުގައި ޑީއާރުޕީގެ އިސްމުވައްޒިފެއް ކަމުގައިވާ، ކުވާމުހަދޭގެ ޝާފިޢުއެވެ. މިދެބޭފުޅުންގެ މެދުގައި ޒަޢީމު އިންނަވައިގެން، ނެގިފައިވާ ހދ.ކުޅުދުއްފުށީގެ، މަންޒަރުތަކުން އަޅުގަނޑުގެ ހިތައް ތަޞައްވުރު ކުރެވުނީ، މުތަޤައްދިމު ޕާޓީގައި ރައީސް އަމީންދީދީ ކުރެއްވި ހިތްވަރާއި މަސައްކަތް ޕުޅާއި، ޙަރަކާތް ތަކުގެ ޚިޔާލުތަކެވެ. އެތައްއިރަކު، މިޚިޔާލު ގަނޑު ތެރޭގައި އަޅުގަނޑުގެ ވިސްނުން އެނބުރުނެވެ. ހިތަށް އެރިއެވެ! ޒަމާނީވެގެން މިދަނީ މާބާރަށެވެ. މާޒަމާނީކޮށެވެ. އިންތިހާ ދަރަޖަ އަށެވެ. މުގުލަށް އޮޅާލައި ބަނދެގެން ވެސް ނުއޮބެހެއްޓޭ ވަރަށެވެ. އަބަދުވެސް އިވެނީ “ދިވެހިންނަށްވީތީ ފަޚުރުވެރިވަމާ” މިއަޑެވެ. ޤައުމީ ދުވަހުގެ ޝިޢާރަކީ މިފަދަ އަޑުއަޑެވެ. ތުއްތު ކުދިންގެ މޭމަތީބެޖު ތަކާއި ރިޕޯޓު ތަކަށްދާންދެން މިފަދަ ޝިޢާރުތައް ލިޔެހަދައެވެ. ފަޚުރުވެރި ވެވޭނީ އެވަރުގެ އެއްޗެއް ހޯއްދަވައި ދެއްވާފައިވާ ނަމައެވެ. ސާފުބޯފެނެއް، ޞިއްޙަތެއް، ހިލޭތަޢުލީމެއްފަދަ އަސާސީ ޚިދުމަތް، ރައްޔިތުންނަށް ދެއްވާފައި، ފަޚުރުވެރިވާން ގޮވާލެއްވި ނަމަ، ޙައްޤުގޮތުގައި އަޅުގަނޑުމެން ދިވެހިންނަށް، މޮޅު ފަޚުރަކަށްވީހެވެ. އުފަލާއި ހިތްހަމަޖެހުމާއެކު، ފަޚުރުވެރި ވެވުނީހެވެ. އެންމެ ހެއްވާކަމަކީ، އިސްލާމަކަށް ވީތީފަޚުރުވެރި ވާތަން ނުފެނުމެވެ. ތުއްތު ކުދިންނަށް އެފަޚުރު ވެރިކަން ދަސްކޮށެއް ނުދެއެވެ. އެއީމާދަށް ކަމެކެވެ. ކަޓުކަމަކަށް ވަނީވެފައެވެ. އާދެ! އިސްލާމްދީނަކީ، ޒަމާނީ ތަހުޒީބަށާއި ޑިމޮކްރަސީއަށާއި ކުރިޔަށް އަންނަން އޮތްހުރިހާ ޒަމާންތަކަށާއި ތަންތަނަށް ފެތޭގޮތަށް ބާއްވާލައްވާފައިވާ މާފުރިހަމަ ދީނެކެވެ. އެއްވެސް އުނިކަމެއްނެތް ދީނެވެ. ފަޚުރުވެރިވުން އެންމެޙައްޤު ދީނެވެ. އެންމެ ކުރީގައި އޮތްދީނެވެ. މިހާރަކަށް އައިސް، ބަޔަކު މާދަށްކޮށްގެން އުޅެނީ އިސްލާމުން ދުނިޔޭގެ ބާރަކަށް ވެދާނެތީ އެކަމުގައި ގަންނަ ބިރުންނެވެ. އިސްލާމްދީނާ ދެކޮޅަށް ރޭވޭހުރިހާ ރޭވުންތަކެއް ދެނެގަތުމަކީ، ރައްޔިތުންނާއި ވެރިމީހާގެ މައްޗަށްއޮތް އެއްމެފުރަތަމަ ވާޖިބާއި ޒިންމާއެވެ. ވީމާ ޑިމޮކްރަސީއޭ ކިޔަންޏާ ޖެހޭނީ، އިސްލާމީ ޑިމޮކްރަސީއަށް ރުޖޫޢަވާށެވެ. އިސްލާމީ ޑިމޮކްރަސީއަށް ތަބާވާށެވެ. މިމަޒުމޫނުގެ ބޭނުމަކީ، ރައްޔިތުންނާއި ވެރިމީހާއަށް އުންމީދުގެ އަމާންމަގު ހަދާން ކޮށްދިނުމެވެ. އަދި އެމަގުކޮށައި ދިނުމެވެ. ފަހަރުގައި ފައިދާއެއް ކޮށްފާނެތީއެވެ.

އާދެ! ދިވެހި ރައްޔިތުންގެ އެދުމަކީ، އަދުގެ ސަރުކާރުން، ހަމަމިއަދުވެސް ލަސްނުކުރައްވައި އެޅުއްވެން ހުރިހުރިހާ އިޞްލާޙީ ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވުމެވެ. ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތައް ފަރުދީނުފޫޒު ތަކުނާއި އެހެނިހެން ބާރުތަކުގެ ނުފޫޒުތަކުން މިނިވަންކޮށް ދެއްވުމެވެ. އެންމެބޮޑު އިޞްލާޙެއް ވަޤުތުން ވަޤުތަށް ބޭނުންވެފައި ވަނީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓުރެޜަރީ އަށެވެ. ހިތާމަކުރަން ޖެހެނީ، އަލަށް ވަޒީރުން ޢައްޔަން ކުރައްވާއިރު، ވިސްނަވަންވާ ވަރަށް ނުވިސްނަވާތީއެވެ. ޤާނޫނާއި ޤަވާޢިދު ތަކަށް ޙުރުމަތްތެރިކޮށް، ވެރިކަންކުރާ ފަރާތުން ނުހިތްތަވާތީ އެވެ. ބާޒާރުމަތީގެ މާސިންގާ މަހުޖަނަކަށް ދައުލަތުގެ ބޮޑުބަނޑޭރިކަމާއި ބަނޑޭރިކަން ދެއްވައި ދައުލަތުގެ ޚަޒާނާ ޙަވާލު ކުރައްވާއިރު، އެވަޒީރުގެ އަމިއްލަ ވިޔަފާރީގެ އެޑްވަޒަރުކަމާއި ޕްރައިވެޓް ސެކްރަޓަރީ އެއްގެ ގޮތުގައި ހުންނަވާމީހާއަށް ވެސް އިސްމަޤާމެއްގެ ދަށުން ހަމައެވުޒާރާއަށް ގެނެވޭކަމެވެ. އެހިސާބުން ދައުލަތުގެ ޚަޒާނާގެ ހުރިހާސިއްރު ތަކެއް އެވިޔަފާރި ވެރިޔާގެ ކުންފުންޏަށް ހުރަހެއްނެތި ސީދާގޮތުގައި އެމީހާގެ ފުރިހަމަ އެހީގައި ލިބުނީއެވެ. އަލައްޖެހި ފައިސާގެ ސިއްރު ތައްވެސް ވީހިސާބެއް ހޯދާކަށް މިހާރަކުނޭނގެއެވެ. އަދި މާލީވުޒާރާއަށް ޖަމާކުރެވޭ ޤައުމީފެންވަރުގެ އެހެން ވިޔަފާރި މަރުކަޒުތަކުގެ ސިއްރުތައް ވެސް، މިހާރުވީ ހިސާބެއް ނޭގެއެވެ. އެމީހާ ގޭގައިދުވަސް ކޮޅަކުބަހައްޓާ ލެވިދާނެއެވެ. އަދިއަމިއްލައަށް އިސްތިޢުފާދީގެން ވަކިވެވިދާނެއެވެ. އެއީ އެފަދަ ހުޝިޔާރު މީހުންނަށް މިހާރުއެންމެ ބޭނުންވާނެ ވެސްގޮތެވެ. ފަހެ، އެފަދަ މީހުން މާގިނަދުވަހު ބައިތިއްބާކަށް ވެސް ބޭނުމެއް ނުވާނެއެވެ. އިޤްތިޞޯދާއި މަޢީޝަތުގެ ޢިލްމު ރަނގަޅަށް މޮޅަށް ދެނެގަނެގެން ހުންނަ ހުޝިޔާރު، ކުޅަދާނަމީހަކު ބޭނުންވާނީވެސް އަވަހަށް އެކަހަލަގޮތެއް ވާށެވެ. ބޭނުން ނިމޭއިރަށް ދުރަށްދާށެވެ. އަވަހަށް ސަރުކާރުން ވަކިވާށެވެ. ދެން އެންމެ ބޭނުންވާނީ، އިދިކޮޅުޕާޓީ އެއްތެރޭގައި ފާޅުކަން ބޮޑުކޮށް، އުޅެގަންނާށެވެ. ފަހެ، މިފަދަ މީހާއަށް މަގުފަހިކޮށްދޭ ޞާޙިބުމީހާގެ އެދުމަކަށް ވާނީވެސް، އެމަނިއްޕިޅު ލައްވާ މިކުޅިވަރު ކުޅުވާށެވެ. އަދި އެކުޅިވަރު، ރައީސް މައުމޫނުގެ ސަމާލުކަމަށް އެހެންމީހުން ލައްވައި، ގެންދިއުމަށެވެ. އާދެ! ވާނެގޮތްއެއޮތީ ވެނިމިފައެވެ. މުޅިދިވެހި ޚަޒާނާގެ ސިއްރުތައް ބޭރުވީއެވެ. ކުރިޔަށް އޮތްތަނުގައި ހުރިހާދެރައެއް އުފުލަންޖެހޭނީ، މުޅިރައްޔިތުން ނަށެވެ. ދިވެހި ދައުލަތުގެ އަގުބޮޑު ޚަޒާނާގެ ހުރިހާސިއްރު ތަކެއް އަމިއްލަ މަހުޖަނެއްގެ ޕްރައިވެޓް އެޑްވަޒަރަކަށް ހުރިމާހާއަށް ހަދިޔާކޮށް، ހިބައިންދީ ނިމުނީއެވެ. ގަނޑުވަރުން ރަނގަޅަށް، ދެގެރިން ލައްވާތަޅުވާފައި ކަށްގަލަށް، ހުރިހާ ބުރައެއް އުފުލަން  ޖެހޭގޮތަށް، ތިޔަގެނެސް ދެއްވާ އިޞްލާޙަށް ދެންނެވެންއޮތީ، ފަށްފަށުން މީރުވަސްދުވާ މަލާމަތުގެ އައްސަރިބަހާއި ސާބަހެވެ! ބާރަށް ކުރިޔަށް ވަޑައިގަންނަވާށެވެ!

އާދެ! ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރިޔާސީ އިންތިޚާބުގެ، 7 ވަނަ، އަދި ރައީސް މައުމޫނުގެ 5 ވަނަ، ދައުރުގެ ވޯޓުލުން ބޭއްވުނީ 1998މ، ވަނައަހަރު ގައެވެ. އަދި ރިޔާސީ އިންތިޚާބުގެ، 8 ވަނަ، އަދި ރައީސް މައުމޫނުގެ، 6 ވަނަ ދައުރުގެ ވޯޓުލުން ބޭއްވުނީ، 2003މ، ވަނައަހަރު ގައެވެ. ފަހެ، މިއީ ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤު ލިބުނުވޯޓެކެވެ. މިހާތަނަށް ދިވެހި ޖުމްހޫރިއްޔާގެ ރިޔާސީ އިންތިޚާބު، 1968މ. ވަނައަހަރުން ފެށިގެން ވެރިކަމަށްވޯޓު ލާންފެށީއްސުރެ މިހާތަނަށް މަޖިލީހުގެ އިއްތިފާޤު ލިބިފައިވަނީ އެންމެ ދެފަހަރެވެ. އެދެފަހަރުގެއިއްތިފާޤު ވެސް ހޯއްދަވާފައި ވަނީ، ރައީސް މައުމޫނެވެ. ކުރިން އިއްތިފާޤު ހޯއްދަވާފައިވަނީ، 1988މ. ވަނަ އަހަރު މަޖިލީހުގައި ނެގުނުސިއްރު ވޯޓުގައެވެ. މިއިއްތިފާޤު ވުމަކީ، އެއަހަރުގެ މިނިވަން ދުވަހައި ދިމާކޮށް، ޢުދުވާނީ ޙަމަލާއެއް އަތުވެދާނެ ކަމުގެ ސިގުނަލް ތަކެއް ލިބިފައިވާތީ، ގަދައަޅާކުރެވުނު މަސައްކަތް ތަކެއްގެ ނަތީޖާއެއް ކަމަށް ބެލެވެއެވެ. ސިފައިންގެ މައިމަރުކަޒުގެ ކުރިމަތީގައި ވެލިބަސްތާ ތަކެއްޖެހުމާއި ރާއްޖޭގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތްކަމަށް ދެއްކުމަށް، ޢިއްޒަތްތެރި މެންބަރުންނައި ހަމައިން ގިނަގުނަމަސައްކަތް ތަކެއް ރާވައިގެން ހިންގުމުގެ ފުރިހަމަ ނަތީޖާއެވެ. ކުރިޔަށް މަޢުލޫމާތު ލިބިފައިވާ މިޢުދްވާނު ލައިގަތީ، ހުވާކުރެއްވުމުގެ ކުރިން، 3 ނޮވެމްބަރު 1988މ، ވީބުރާސްފަތި ދުވަހުއެވެ. އަދި، 2003މ. ވަނަ އަހަރުގައި އިއްތިފާޤު ލިބުމުގެ ޝަރަފު ހޯއްދެވީ، 20،19 ސެޕްޓެމްބަރު 2003މ، ގައި ހިނގިޙާދިޘާތަކާ، ވިއްދައި ގެންކުރެވުނު ގިނަގުނަ މަސައްކަތާ ގުޅިގެން ނެވެ. މިފަހަރުގެ މަސައްކަތްތަކުގެ އިސް މޭސްތިރިއަކީ، ކޮއްކޯފުޅު އަލްފާޟިލް ޔާމީން ޢަބްދުލްޤައްޔޫ މެވެ. ސިފައިން އަނިޔާކޮށް ޝަހީދުކޮށްލި އީވާން ނަސީމާއި ޖެހިބަޑީގެ ވަޒަންތަކުގެ މަރާގުޅިގެން، 20 ވަނަ ދުވަހު، މާލެތެރޭގައި ޢައްބާސް އިބްރާހީމުގެ ދަރިކަލުން، ޒިޔާ ޢައްބާސް އިބްރާހީމު އިސްކޮށް ހުންނަވައިގެން، އޭނާގެ އަމުރުމަޢުރޫފު ހިނގާޕާޓޭންގެ ގުރޫޕެއްގެ މަސައްކަތުން، މާލޭގެ މަގުމައްޗަށް ބަޔަކު މީހުންނުކުމެ ހިންގިޣައިރު ޤާނޫނީޢަމަލު ހިންގުމުގައި ޢިމާރާތްތަކަށާއި ތަންތަނަށް ގެއްލުންދީ، ތަންތާގައި އަލިފާންޖަހައި، ހިންގިހުރިހާ ޙަރަކާތެއްގެ ތުހުމަތު އަޅުގަނޑުގެ ބޮލުގައި އެޅުވުމަށް ފަހު، އަޅުގަނޑު ބަހައްޓާފައިހުރީ، އަނދިރި ޖަލުގެކުޑަގޮޅީގައި ހައްޔަރު ކޮށްފައެވެ. މިއީ މީގެކުރިންވެސް މިކަން ކުރަމުން ދިޔަގޮތެވެ. ސިޔާސީ ބޮޑެތިތުހުމަތު ތަކުގައި އެންމެކުރިން ހިފާހައްޔަރު ކޮށްފައިހުރީ، ސީދާ އަޅުގަނޑެވެ. 1990މ، ވަނަ އަހަރު ބިންބިފޯހުގެ އިސް އަމުރު ވެރިޔަކަށް އެންދެރިމާގޭ ޢައްބާސް އިބްރާހީމް ހުންނަވައިގެން މާލެތެރޭގައި ހިންގުނު، “ކުޑަހުޅުޖެހުމުގެ ޙާދިޘާ” ގައި ވެސް އެންމެއިސްކޮށް ހައްޔަރުކުރީ ސީދާ އަޅުގަނޑެވެ. އާދެ! “ބޮޑުހުޅުޖެހުމެގެ ޙާދިޘާ” އަކީ ދިވެހިތާރީޚުގައި މާކުރިން ހިނގާފައިވާ ސިޔާސީ ހުޅުޖެހުމެކެވެ. 1990މ. ވަނަ އަހަރުމާލެ ތެރޭގައި ބަޔަކުހިންގި ހުޅުޖެހުމުގެ ޙާދިޘާއަކީ ވެސް ސިޔާސީ ހުޅުޖެހުމެކެވެ. އެހުޅުޖެހުމަށް އަޅުގަނޑު ދީފައިވާ ނަމަކީ، “ކުޑަހުޅު ޖެހުކުހެ ޙާދިޘާ” މިހެންނެވެ. ބޮޑުހުޅު ޖެހުމުގެ ޙާދިޘާ ލިޔުއްވާފައިވަނީ އަލްމަރްޙޫމް އަބްދުލް ޙަކީމްޙުސައިން މަނިކެވެ.

ފަހެ، މިކުރެވުނު ބަންދުގައި އަޅުގަނޑު ދީފައިވާ ބަޔާންތަކެއް ކަމަށްބުނެ، ޤައުމީ ޓީވީންނާއި ރޭޑިޔޯއިން ގެނެސްދިނީ، ނަކަލީބަޔާން ތަކެއް ސިފައިން އަމިއްލައަށް އުފައްދާއި ހަދަހަދައި ގެންނެވެ. އެބަޔާން ތަކަކީ، ތަޙުޤީޤުކުރި ސިފައިން އަމިއްލައަށް އަޅުގަނޑުގެ ސޮއިޖަހައިގެން އިޖާދުކުރި އެއްޗެކެވެ. މާލެތެރޭގައި ކުޑަހުޅުޖެހުމުގެ ޙާދިޘާ ހިންގިކުދިން ތެތްއަތާއެކު ހިފުނީ، މިކަމުގެ ތުހުމަތުގައި އަޅުގަނޑު ޖަލުގައި ބައިންދާފައި އިންދައެވެ. އެކުދިން އަތުވުމަކީ، އަޅުގަނޑުގެ ދުޢާއާއި ނަޞީބެވެ. އެހެންނޫންނަމަ އެކަމުގެ ޝަރުޢީޙުކުމް އިއްވީހީ އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިންގެ މައްޗަށްކަން ކަށަވަރެވެ. އެދުވަސްވަރު އިޢުތިރާފު ހޯދުމަކީ، އުނދަގު ކަމެއްނޫނެވެ. ބަޔާންތައް ތައްޔާރުކޮށް ކޮށާމަށާއިހަދާނީ، ސިފައިންނެވެ. އަނދަގޮނޑިޖެހުމާއި ޗޭނުޖަހާ ވާންކުރުމާއި އެއްހުޅުބިޑި އެޅުވުމާއި ކީސްބިޑި އެޅުވުމާއި އެއްއަތާއި އެއްފަޔާއެކު ގުދުކޮށްފައި ބިޑިއެޅުވުމާއި އަދިވެސް އާވައްތަރު ވައްތަރުގެ، ޖަމަލު އޮބަހައްޓަން އަޅުވާޒާތުގެ ދަބަރުޖަހާފައި ހުންނަ ދަނގަނޑުބިޑި ވެސްއޭރު ގެންގުޅުނެވެ. އަޅުގަނޑުމެންގެ އަތުގައި މިވަށްތަރުގެ ބިޑިތައް އަޅުވާހެދިއެވެ. އަދި، ސިފައިން ތިބެގެން ސީދާކޮށް، ކުރަމުންގެންދާ އަނިޔާތަކުގެ ބޮޑެތިއަހުވާތައް ދެއްކުމަކީ، ބަޔާން ފުރިހަމަ ކުރުމުގެ ހުނަރުތަކެވެ. ހިސާބު އަކުރުގެ އަށެއްހެންއޮތް، ދަބަރުކުލައިގެ އެއްހުޅުލީ ބިޑިއެއް އަޅުގަނޑުގެ ދެއަތްއެއްކޮށް ފިއްތައި ގަދަކަމުން ހަންގަނޑާއެކު، ސުލޭމާނޭ ކިޔުނު ސިފައިންގެ ބޭކަލަކު އެޅުވީ، އަބްދުއްޝަކޫރު ޢަބްދުﷲ އިސްކޮށް އިންނެވި ތަޙުޤީޤު ކޮމެޓީއެއްގެ ކުރިމަތީގައި އޭނާގެ އޯޑަރަށެވެ. މިއީ އިނގިރޭސި ވިލާތު ކުންފުންޏެއްގެ ބްރޭންޑް އޮޅުވާލައި ޑުޕްލިކޭޓް ނަމެއްގެ ދަށުން އުފައްދާފައިއޮތް ބިޑިއެކެވެ. ސިފައިން އަމިއްލައަށް ވެލްޑިންކޮށްގެން ބައެއް މީހުންގެ އަތަށް ހެޔޮވަރުވާގޮތަށް ހަދާފައިއޮތް ބިޑިއެކެވެ. މިބިޑިއަޅުވާ ތިއްބާލުމުން ދެއަތު މުލައްދަނޑި އޮންނަނީ އެއްކޮށްޖެހި ދެއަތްތިލް ފެށުނުހިސާބުން އުޅަބުއްޓާ ހިސާބަށް ފިތިބާރުކޮށް ބަނދެވިފައެވެ. ކުރީޒަމާނުގައި މިހެންހަދަން ހަދާގޮތަކީ، ރޯނުފެނުން ތެންމާލައި ކަށިވެއްޔާއިއެކު މޮޑެލާފައިނަގާ ފަށަކާފަށެއް ޖައްސާދެއަތް މުލައްދަނޑި އެކުގާ އޮޅާލަނީއެވެ. ކާންޖެހޭނީ ބުޅާކައިއުޅޭ ގޮތަށެވެ. ހީސިދޮވެ ސީދޮވެވޭނެގޮތެއް ނޯވެއެވެ. ބިޑިނައްޓުވާ ފެންވަރުވަނީ ހަފްތާއަކު އެއްފަހަރެވެ. ޑުޕްލިކޭޓް މިބިޑިއާގުޅޭ ހެކިތައް މިހާރުވެސް އަޅުގަނޑުއަތުގައި ފޮރުވާފައި ހުންނާނެއެވެ. މިއަނިޔާތަކަށް ފަހު، ހަމަބުއްދިޔާއި ފުރިހަމަ ހަށިގަނޑައިގެން މިހުރެވުނީ، އަޅުގަނޑުގެ ކެތްތެރިކަމާއި ޢަޤީދާވަރުގަދަ ކަމުންކަމަށް މިހާރުޤަބޫލު ކުރެވެއެވެ. މިހާރުވެސް ވާރޭވެހި ޖައްވުފިނި ވެލީމައި އުނަގަނޑަށް ތަދުއަރައެވެ. އެތެރެ ހައްޓަށް އިތުރުގޮތްގޮތް ވެއެވެ. ތަދުތައް އަރައިގަނެއެވެ.

ފަހެ، ދަންނާށެވެ! މިތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ހ.ބުރެވިމާގޭ ގަރާޖުގައިއޮތް ކާރެއް ރޯކޮށްލިތަނުން ތެތްއަތާ އެކަންކުރި ކުދިންހިފި، ހައްޔަރުވުމުންނެވެ. އަދި އެކަންކުރިކަމަށް އެކުދިން އެއްބަސް ވުމުންނެވެ. ޖަލުގައި އިނދެގެން އަޅުގަނޑު، ﷲ އަށް ދެންނެވި ދެންނެވުން، ﷲ ފިޔަވައި އެހެންފަރާ ތަކަށް ނޭގޭނެ ކަންކަށަވަރެވެ. މިކުދިން ތެތްއަތާ އަތުވުމަކީ މިދުޢާތައް، ﷲ އިޖާބަ ކުރެއްވުން ކަމުގައި އަޅުގަނޑު ހިތުގެއަޑިން ޤަބޫލުކުރަމެވެ. އެކަމާ، ﷲއަށް ޝުކުރުވެރިވީމެވެ. އަޅުގަނޑުގެ ތަޖުރިބާއިން ސާބިތު ކުރެވުނު އެއްޗަކީ އިންސާނާ، ﷲ އައި ކައިރިވި ވަރަކަށް އެމީހަކައި، ﷲ ކައިރިވެ ވޮޑިގަންނަވާކަމެވެ. އަދި ހެޔޮނިޔަތުގައި ކުރެވޭ ހެޔޮދުޢާއަކީ އެއްވެސް ހުރަހެއްނެތި، ﷲ ޤަބޫލުކުރައްވާ އެއްޗެއްކަމެވެ. އާދެ! މީގެއިތުރުން އަނެއްދުވަހު ތަޙުޤީޤުގައި ވާނެގޮތްތައް ހިތަށްވަދެ، އެހެން އެކަންދިމާވެ ތަޖްރިބާ ކުރެވިފައި އެބަހުއްޓެވެ. އަދި އަނިޔާކުރި މީހުންގެ ހިތްތަކަށް ބިރުވެރިކަން، އެކިގޮތްގޮތުން އެދުވަސްވަރު ވަތްކަމާއި ބައެއްފަހަރު ބިރުންއުޅެން ޖެހުނުކަން، ފަހުންއެމީހުންގެ ވާހަކައިން އަޅުގަނޑަށް އެނގިފައި ވެއެވެ. ފުރަތަމަ ފަހަރަށް ޖަލުން ފާނޫޒުތައް ބޭރުކޮށް، ކުޑަގޮޅިތަކަށް އަލިއެޅޭ ގޮތަށް ބޮތްކެއްލާން ޖެހުނީ މިކަމާހެދިއެވެ. ބައެއްފަހަރު ދަންވަރު ގާޑުކުރުމަށްތިބޭ ސިފައިގެކުދިންނަށް އަޅުގަނޑުގެ ޞޫރަ އެކުދިންނަށް ދަންވަރު ފޯރީގައި ފެނިގެން ކަމާހެދި، އިރުއެރުމުން އަޅުގަނޑު ގެންގޮސް ސުވާލުކޮށްފައި ވެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވުނީ މިއީ އެންމެ ރަނގަޅުނޫން ޖިންނިއެއްގެ އަސަރުތައް ކަމުގައެވެ.

އާދެ! ކެމެރާއެއްގެ ތުހުމަތެއްގައި ބަންދުކުރެވުނީ ކަމަށްހަދައި، މާލެތެރޭގައި، ސިޔާސީ ކުޑަހުޅުޖެހުމުގެ ޙާދިޡާގައި އަލިފާން ޖެހިކަމަށް އެއްބަސްވި ކުދިންނައި ވާހަކަދެކެވޭ ގޮތަށް، ބިންބިފޯހުގެ އެޖެންޓަކު (ބިންބިފޯހުގެ ވަރަށް އިސްމީހެއް) ޖަލަށް ފޮނުވައިގެން، އޭރުމާލޭގެ އިސްމެމްބަރުކަން ކުރެއްވި ޑޮކްޓަރު މުޙައްނަދު ވަހީދު ޙަސަން މަނިކުގެ ބޮލުގައި ހުޅުޖެހުމުގެ މިކަންތައްގަނޑު އެޅުވޭތޯ ވަރަށް މަސައްކަތް ކޮށްފައިވެއެވެ. މިތުހުމަތު ޑޮކްޓަރުވަޙީދުގެ މައްޗަށް އުފުލޭނެގޮތް ރާވާލައިގެން، އެކުދިންނަށް އަކުރުން އަކުރަށް މިރޭވުންގަނޑު ލައިދެވުނެވެ. ޑޮކްޓަރ ވަޙީދު އެކުދިންނައި ބައްދަލުކުރެއްވި ތަނާއި ދެއްކެވިވާހަކަ ތަކާއި ތަންފީޒުކުރަން ޙަވާލުކުރި ކަންތަކުގެ ލިސްޓެއް އެކުދިންނަށް ޖަލަށް ދިޔަބިންބިފޯހުގެ އިސްމީހާ ކިޔައިދީ، ދަސްކޮށްދިނެވެ. އެހެނަސް ސާފު ދޮގަކަށްވާތީ އެކުދިން، ތަޙުޤީޤުގައި އެވާހަކަތައް ނުދެއްކީ ކަމަށް އެތަނުން އެއްކުއްޖަކު، އަޅުގަނޑައި ޖަލުން ދިމާވެގެން ކިޔައިދިނެވެ. މިހުރީ ސިޔާސީގޮތުން ރޭވިގެން ހިންގުނު ޖިނާއީޢުދުވާން ތަކެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުތައް ދަންނަމީހަކު އޭރަކުނެތެވެ. ޤާނޫނުލް ޢުޤޫބާތަކަށް އޮތީ، ހުވަދުއަތޮޅު ބަޣާވާތުން މާލެގެންނަ މީހުންނަށް އަހުވާދެއްކުމަށް އޭރުގެރައީސް ނާޞިރުގެ އަމުރުފުޅަށް ލިޔެފާސް ކޮށްފައިއޮތް ޤާނޫނުލް ޢުޤޫބާތެކެވެ. މިކަންކޮށްދެއްވީ އޯކިޑްމާގޭ އަލްފާޟިލް އަޙްމަދު ޒަކީއެވެ. ކުޑަހުޅުޖެހުމުގެ ޙާދިޘާގެ މުޅި ފަސްމަންޒަރަށް ވިސްނާއިރު، ވަރަށްބޮޑު ސިޔާސީ ސިއްރެއް ފޮރުވިފައި އޮންނާނެއެވެ. ފަޅާއަރާނެ ދުވަހެއް އިރާދަކުރެއްވިއްޔާ، ﷲ ދައްކަވާ ނެއެވެ. ﷲއީ، އެންމެ މޮޅުރޭވުން ތެރިޔާ ކަމުގައި ހިތުގެއަޑިން ޤަބޫލުކުރުމަކީ، އަޅުގަނޑުގެ ސާފު، ޠޯހިރުޢަޤީދާއެވެ. ފަހެއެއީ ޚައިރުލް މާކިރީންއެވެ. ގެންގޮސް ޖަލަށްލާއި ބަންދުކުރުމަށް ފަހު، މުޅިންވެސް އަޅުގަނޑު މައްޗަށް ހުރީދޮގު ބަޔާން ހަދައިގެން ޙައްޤުނޫން ޝަރީޢަތްތައް ކޮށްފައެވެ. އެންމެ ފާހަގަ ކޮށްލެވެނީ، އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މައްސަލައާ ގުޅިގެން، އިލްޔާސް/ސަޓޯ ގެމަޝްހޫރު ކެސެޓުރޯލުގެ ދަޢުވާއެވެ. މިކަމާ ގުޅިގެން ރައީސްއޮފީހުން ކޯޓަށް އެންގެވި އެންގެވުންތައް ކިޔައި، އަދި ދެކިފައިވާ ބޭފުޅުން، މިހާރު އެވާހަކަތައް ތަފްޞީލުކޮށް އެބަކިޔައި ދެއެވެ. 2004 އޯގަސްްޓް، 12،13 އިންފެށުގެން، އަޅުގަނޑުގެ ލޮޔަރަކަށް ހުންނެވި، އަލްއުސްތާޒު އަޙްމަދު މުޢިޒަށް މީގެ ބޮޑުމަންޒަރު އެނގިވަޑައި ގަންނަވާނެއެވެ. އޭރުގެ ސިޓީތަކާއި ފަހުގެ ތަހުޤީޤު ބަޔާންތައް ފެނިވަޑައި ގަންނަވާނެއެވެ. އޯގަސްޓް 12،13 ގައި ކުރީގެވަޒީރު އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ ތަޙުޤީޤަށް ދެއްވި ބަޔާނަކީ، ދިވެހި ތާރީޚަށް ޓަކައި ފޮރުވެންޖެހޭނެ، 11 ޞޮފްޙާގެ ވަރަށްމުނިންމު ބަޔާނެކެވެ. އުސްތާޒު މުޢިޒް އަތްޕުޅުގައި އޮންނާނެއެވެ. އަޅުގަނޑުއަތަށް ކުޑަވަގުތު ކޮޅަކަށް ލިބުނީ ހަމައެކަނި ކިޔާލާށެވެ. ފަހެ، ވީގޮތް ބައްލަވާށެވެ! ގަސްގަނޑު ރީތިކޮށް ސަލާމަތުން ބަހައްޓާފައި ގޮފިކޮޅާއި ފަތްކޮޅު ތަޅާލައި ދުވަސް ދުއްވާލީއެވެ. އިލްޔާސް ހުންނެވީ ސަލާމަތުންނެވެ. ޖަލުގެކުޑަގޮޅީގައި ދުވަސްދުއްވާލީ އަޅުގަނޑުމެން ނިކަމެތީންނެވެ. ކޯޓުގައި މިވާހަކަތައް ހަރުއަޑުން އަޅުގަނޑު ގޮވީމެވެ.

އާދެ! އެދުވަސްވަރުގެ ވާހަކަތައް ހާދަހާވާ ރީއްޗެވެ! އޭރު ގިނައީ، ބޮޑުން ފަހަތުގައި ފޮރުވިގެންތިބެ ރާވައިގެން ހިންގާބޮޑެތި ޖަރީމާތަކެވެ. ފުރަތަމަ ފަހަރަށް ޓެރަރިޒަމް ޤާނޫނު ތަޢާރުފް ކުރިގޮތަކީ، މީގެ ވަރަށްބޮޑު ހެއްކެކެވެ. މިކަން މިހާރުގެރައީސް މައުމޫނު ކުރެއްވީ ޤާނޫނުލްޢުޤޫބާތު، އޭރުގެ ރައީސް ނާޞިރު، ވަކިބަޔަކަށް އަމާޒުކުރައްވައިގެން އެކުލަވާލެއްވި ގޮތަށެވެ. ފަހެ، ވަކިބަޔަކު ހިފާހައްޔަރުކޮށް އެމީހުންނަށް ހޭއަރުވާލެއްވުމަށް އަމާޒުކޮށެވެ. ރައީސް އޮފީހުން ބާރުއަޅުއް ވައިގެން ރޭގަނޑާއެކު މަޖިލީހުގެ ޖަލްސާތައް ބާއްވައިގެން އެޤާނޫނު ފާސްކުރުވައި ގެންނެވެ. އެންމެ ހެއްވާކޮށް އޮތީ، އެޤާނޫނުގައި ލިޔެފައިއޮތް މިޤާނޫނުގެކުރިން ކޮށްފައި ހުރިކަންތަކަށް ވެސް މިޤާނޫނުގެ ދަށުން ފިޔަވަޅު އަޅާއި ޢަމަލު ކުރެވޭގޮތަށް އޮންނަ މާއްދާއެވެ. ބޭނުންކަންތައްކޮށް ނިންމުމަށް ފަހު، އެމާއްދާވަނީ އެޤާނޫނުން މިހާރު އުވާލާފައެވެ. އެޤާނޫނުގައި އެމާއްދާއޮތުމުން އެކަމާ ދެކޮޅުހެއްދެވުމުގެ ގޮތުން ވޯޓުނުދެއްވައި ހަމަހިމޭނުން އިންނެވި، ހަމައެކަނި މެންބަރަކީ، ރ.އަތޮޅު މެންބަރު އަލްފާޟިލް ޢަލީވަޙީދު އަބްދުއް ރައްޒާޤެވެ. ކުރިންކުރާ ކަމަކަށް ފަހުންއުފެދޭ ޤާނޫނަކުން ޙުކުމްކުރުމަކީ، އެއްވެސް އިލާހީ ޝަރީޢަތެއްގައި އޮންނަ ގޮތެއްނޫނެވެ. އަދި ޤާނޫނީ ޢިލްމުގައި މިއީ، މުޅިން ނަހަމަ އުޞޫލެކެވެ. މިވާހަކަ ވެސް އަޑުހަރުކޮށް ކޯޓުގެ ކޮށިގަނޑުގައި ހުރެގެން އަޅުގަނޑު ގޮވީމެވެ. ވީކަމެއް ނެތެވެ. ސުވާލެއްކޮށްލި މީހަކުނެތެވެ. އަޅުގަނޑުގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާ އުފުއްލެވީ، ސިޔަރަތު ވިދާޅުވުމަށް ކުޅަދާނަ ހެންވޭރު ހާޖަރާގޭ މުޙައްމަދު ތައުފީޤެވެ. އެންމެ ހެއްވާކަމަކަށްވަނީ، އޭރު މިފަދަވާހަކަތައް އަޅުގަނޑު ޝަރުޢީކޯޓުގައި ދެއްކީމައި، އަޅާނުލި ބޮޑުން، ސަރުކާރުން ބޭރުކޮށްލީމައި އެފަދަ ކަންތައް މިދުވަސްވަރު ކޯޓުގައި ކުރައްވާ މަންޒަރު ފެނުނީމާއެވެ. މިދެންނެވީ ޑޮކްޓަރު މުނައްވަރު މިހާރު އެއުޅުއްވާގޮތުގެ ވާހަކައެވެ. އެންމެ ދެރަކަމަކަށްވަނީ، ޤާނޫނެއް ހެދިޔަސް އެކަމުގެ ނިޔަތާއި މަޤްޞަދަކީ، މުޅިންވެސް ސިޔާސީ ބޭނުންތައް ހާޞިލުކުރުމަށް ކުރާކަމަކަށް ވާތީއެވެ. ފަހެ، ހިތާމަހުއްޓެވެ.

އާދެ! 2003 ސެޕްޓެމްބަރު އޮނަވިހިވިހީގެ ތުހުމަތުން އަޅުގަނޑު ސަލާމަތްވީ، ގާވެފައި ތިބޭބުދުން ތަކެއްގޮތުގައި މަޖިލީހުގެ މެމްބަރުން ތަކަކާއި އޭޖީއޮފީހުގެ ސްޓޭޓުއެޓާނީން ތަކެއް، ތަޙުޤީޤު ކުރިތަން ބަލަންށާއި އަޑުއަހަން ބައިތިއްބާފައި ތިބުމުން، ސިފައިންނަށް އަޅުގަނޑުގެ މައްޗަށް ދޮގުހެކި ދޭންނުކެރުނީ މައެވެ. މިއީއޮޅިގެން ނަމަވެސް ރައީސް މައުމޫނަށް އެފަހަރު، އެޅުއްވުނު ރަނގަޅު ފިޔަވަޅެކެވެ. ޖެނީފާ ލަޠީފުގެ ފޮޓޯތަކެއް، އެހިސާބުގަނޑުގައި އުޅެނިކޮށް ނެގިފައި ހުރުމުން، އަޅުގަނޑައި ތަފާތުގޮތަކައް އޮޅުވާލައިގެން ދޮގުހެކި ދީގެން، ޖެނީ ތާށިކޮށްލީއެވެ. އަޅުގަނޑާ ބެހޭގޮތުން އެތައްފަހަރަކު ހެކިންގެ ބަޔާން ލިޔެގެންވެސް ސޮއިކުރާނެ ކުއްޖަކު ނުވީކަން ފަހުން އެގުނެވެ. އަޅުގަނޑުގެ ފޮޓޯތައްހުރީ ހަދާފައެވެ. އެފޮޓޯތަކަށް ހެކިބަސް ނުހޯދުނީއެވެ. އެންމެފަހުން ގޮތްހުސްވެގެން، ބައިންދަ ބައިންދާފައި ޖަލުން ދޫކޮށްލީ އެތައްދުވަހެއް ކޮށްފައެވެ. ޒަމާނީ ޑިމޮކްރަސީއެއް ގެނެސް ދެއްވަން ރީތިވާހަކަތައް ދައްކަވާ ބޭފުޅުންގެ މާޒީގެ ޑިމޮކްރަސީއާއި އިންސާފު އޮތްގޮތަކީ މިއެވެ. ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ހޯއްދެވި، މަޖިލީހުގެ ދެވަނަ އިއްތިފާޤު ވުންއޮތީ، މިދެންނެވި ސެޕްޓެމްބަރު، 19،20 ގެ ޙާދިޘާހިނގިތާ، ފަސްދުވަސް ވަރުފަހުން ނެވެ. ވޯޓުލުން އޮތްދުވަހު ވަރަށް ހެދުނު ވަޤުތެއްގައި، މީހަކު، އަޅުގަނޑު ޖަލުގައި ހުރިގޮޅީގެ ދޮރުގައި ތަޅައިގަތުމުން ބަލައިލިއިރު، ހުންނެވީ ބައިވަރު ސިފައިންނާއެކު، އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި) އެވެ. ކަނާއަތުން ތަމްބްސްއަޕްގެ އިޝާރާތް ދައްކާލައްވައި އަޅުގަނޑާ ދިމާއަށް ހިނިތުން ވުމަކާއެކު، ހަރުއަޑުން ވިދާޅުވީ، މިއަދު މިއީ މަޖިލީހުގެ ސިއްރުވޯޓު އޮންނަދުވަހެވެ. އޭރު އަންނި ވަށާލައިގެންތިބި ސިފައިން އަންނި އަތުގައި ހިފައިގެން ދަމަނީއެވެ. އަންނި ގަދަހަދަނީ ނުދާށެވެ. ކުރިމަތީގައި ހުރިގޮޅިއަށް ވައްދަންވެގެން އެމީހުން ދަމާއިރު، އަންނި ނުވަނުމަށް ގަދަހަދަނީއެވެ. އަދި މިމަންޒަރު ސިފައިންގެ ދެކުއްޖަކު ދެކެމެރާއަކުން މޫވީކޮށް، ސްޓިލްފޮޓޯވެސް ނަގަމުން ދިޔަތަން ފެނެއެވެ. އާދެ! ކަންވީގޮތް އިނގުނީ މާފަހުންނެވެ. އެދުވަހު އަންނި ހައްޔަރުކުރުމަށް ފަހު، ވަރަށް ހެދުނާ، މިނިސްޓަރު ޔާމީނު، ޅ.އަތޮޅު މެމްބަރު އިބްރާހީމް މުޙައްމަދު ޞޯލިޙަށް ފޯނުން ގުޅުއްވާފައި ވިދާޅުވަނީ، އަންނިހުރީ ޖަލުގައި ބަންދު ކުރެވިފައެވެ. މިއަދު މަޖިލީހުގައި އޮންނަ ސިއްރުވޯޓުގައި އިބޫގެ ވޯޓުލިބިއްޖެނަމަ، އަންނި ވަޤުތުން މިނިވަން ކުރެވޭނެއެވެ. އިބޫ ޥޯޓުދެއްވުމުން މަޖިލީހުގެ އިއްތިފާޤު ރައީސް މައުމޫނަށް ލިބުނީއެވެ. މެންދުރު ކާގަޑި ޖެހެން ވަރަށް ކާރިވެފައި ވަނިކޮށް، އަންނި ނެރެގެން ގެންދިޔަތަން އަޅުގަނޑު ދުށީމެވެ. މިވީގޮތަކީ، ރައްޔިތުންގެ މަޖިލީހުން ހަމައިއްތިފާޤު ވުމާއެކު، އަންނި ދޫކޮށްލީއެވެ. ސިފައިން، އަޅުގަނޑު ގާތުގައި ބުނީ، އިލްޔާސަށް ނުފެންނަ ގޮތަށް އަންނި، އެހެންދިމާ އަކަށް ބަދަލުކުރީ ކަމަށެވެ. އެހެނަސް  ހަވީރު ވެފައި ވަނިކޮށް ހެޔޮއެދޭ ސިފައިންގެ ކުއްޖެއްގެ ފަރާތުން، އަންނި ގެންދިޔައީ ދޫކޮއްލަން ކަމާއި، ނެގުނުވޯޓުން ރައީސް މައުމޫނަށް އިއްތިފާޤު ލިބުނުކަން އަޅުގަނޑަށް އެނގުނެވެ. އިޞްލާޙޭ ކިޔައިގެން މިހާރު، މޮޅުވާހަކަތައް ދައްކަވާ އިއްޒަތްތެރި މެމްބަރުންތަކުގެ ވޯޓު، މިގޮތައް އިއްތިފާޤުކޮށް، ދެއްވުމުން ޖަލުގައި އިނދެ އަޅުގަނޑު ވަރަށް ހިތާމަކުރީމެވެ. އަޅުގަނޑާއެކު، ބަންދުގައިހުރި އެކުވެރިޔާ ޖެނީއައި އަޅުގަނޑު އެކުގައި ޖީޕެއްގައި ތަޙުޤީޤު އޮންނަތަން ކަމުގައިވާ ވެލާނާގެއަށް ގެނެވުނު، ދުވަހެއްގައި މިކަމާމެދު ހިތާމަފާޅުކޮށް މިވާހަކަތައް ތަކުރާރުކޮށް ދެއްކުނެވެ. އަޅުގަނޑުމެން ދެމީހުން، އެދުވަހެއްގެ ތަޙުޤީޤު ނިމެންދެން ތިބެނީ، ވެލާނާގޭތެރޭގައި ޓިނުންހަދާފައި ހުންނަ ބޮޑުގުދަނެއްގެ ތެރޭގައި ދެދިމާއަކަށް އަތްގަނޑު ނުލާވައްތަރުގެ ދެޕްލާސްޓިކު ގޮނޑި ބަހައްޓާފައި އެދެގޮނޑިގައި ދެމީހުން އިށީދެ ތިބުމަށް އަންގާފައެވެ. ފެންނަހިސާބުގައި ސިފައިން އަބަދުވެސް ތިބެއެވެ. ޖުމްހޫރީ ވެރިކަމެއްގައި ކަންތައް ހިންގާގޮތާއި ހިނގާގޮތް މިހުރީފެންނާށެވެ. އިބޫވެސް ރައީސް މައުމޫނަށް ވޯޓުދެއްވީއެވެ. އަލްފާޟިލް މުޙައްމަދު ޝިހާބާއި އަލްފާޟިލް ޙަސަން ޢަފީފާއި މިފަދަ ބޭފުޅުންވެސް ރައީސް މައުމޫނަށް ހެޔޮހިތުން ވޯޓުދެއްވައި މުޅިރައްޔިތުންގެ މަޖިލިސް އިއްތިފާޤުވީއެވެ! ހާދަހާ ވާޗާލެވެ! މިހާކަޅުކޮށް އޮތްތާރީޚީ މާޒީއެއް ތެރޭގައި ރައީސް މައުމޫނު ހުންނަވައިގެން، އެވިދާޅުވާފަދަ ޒަމާނީ ޑިމޮކްރަސީއެއް ގެނެސް ދެއްވައި ދިވެހިންގެ މުސްތަޤުބަލު އުޖާލާކޮށް ދެއްވާނީ، ކިހިނެއްބާވައޭ އަޅުގަނޑުގެ ހިތަށް އަބަދުވެސް އަރައެވެ. ރައްޔިތުންގެ ޖުމްހޫރީ ވެރިކަމާއި މަލްޓިޕާޓީ ސިސްޓަމް ސިޔާސަތުގައި މިހާފުށޫ އަރާގޮތަށް މިކަހަލަކަންތަކެއް ނުކުރެވޭނެއެވެ. އާދެ! އިސްލާމީ ޑިމޮކްރަސީގެ ހަމައަކީ، ރައްޔިތުންނަށް ފެންނަ އެންމެ ފައިދާބޮޑު ގޮތަށް އެބައެއްގެ ސިޔާސީ ކަންތައް އެންމެންނަށް ހަމަހަމަކޮށް ގެންދިއުމަށް ދޫކޮށްލުމެވެ. ވަކިބަޔަކު ނާޖާއިޒު ފައިދާއެއް ނެގިޔަނުދީ، ރައްޔިތުން އެދޭގޮތަށް ހުރިހާމަގެއްފަހި، ކޮށްދެއްވުމެވެ. ފަހެ، ވެރިމީހާގެ ވާޖިބަކީ މިއެވެ. ހުރިހާ ވާޖިބަކާއި މަޖުބޫރުކަމެއް އެއްކިބާކޮށް، ހަމައެކަނި އިންސާނިއްޔަތަށް ބެއްޔަސް، ރައްޔިތުންގެ ގޮވާލުމަށް، ފުރަގަސް ދެއްވުމަކީ، ލަދުވެތިކަމެކެވެ. ސިޔާސީގޮތުން ޙަޔާތްކުޑަ ކަމެކެވެ. އިންސާނިއްޔަތުގެ ކަރާމާތާއި މާތްކަން ނެތިކޮށްލާއި ވަޙުޝީ ޖަނަވާރުންގެ ދަރަޖައަށް އަމިއްލަފުޅަށް، ތިރިކޮށް ލެވެނީއެވެ. ހިތާމަހުރި ދެރަކަމެކެވެ. އަމިއްލަފުޅަށް އަމިއްލަ އަބުރުނަގާލައް ވަނީއެވެ. ހުރިހާކަމެއް ފުރިހަމަ ކުރެވެމުން ގޮސް އެންމެފަހުން، ދިވެހިފަސް ގަނޑުގައި އަށެއްކަ ސަތޭކަ އަހަރު ވަންދެން އެއްގޮތަކަށް ވެސް ނުކުރެވޭގޮތަށް މަނާކުރެވިފައި އޮތް، ﷲ އަށް ޝިރްކު ކުރުން ވެސް ބޮޑުބުއްދާއެއް ބިނާކޮށް ބަހައްޓައިގެން، ކުރެވުނީއެވެ. ރާއްޖޭގެ ލޮބުވެތި އިސްލާމީ ފަސްގަނޑުގައި ބުޑިސްޓުން އަޅުކަންކުރާ ކަލާނގެއެއް ގޮތުގައި ބޭނުންކުރާ، ބުއްދާ ބަހައްޓައިގެން ފައްޅިއެއް ސިފައިގައި ވަޤުތީގޮތުން ނަމަވެސް ރަސްމީ، އަޅުކަމެއްގެ ގޮތުގައި އުފަން ދުވަހުގެ ޙަފްލާއެއް ބޭއްވުމުގެ ޝަރަފުވެސް ތިޔަލިބިގަތީއެވެ. މިކަމަކީ، އަޅުކަންކުރަން ގެންގުޅޭބުދެއް، ﷲ އައި އެއްހަމަ ކުރުމަށް މަގުފަހި ކޮށްދިނުމެވެ. ބަޔަކަށް، އިސްލާމީ ޤައުމެއްގައި ހިނދުކޮޅަކަށް ނަމަވެސް، ﷲ ފިޔަވައި މިފަދަ ކަނލާގެއަކަށް، އިޙްތިރާމް ކުރުމަށް ފުރުޞަތުދިނުމަކީ ސީދާޝިރުކެވެ. ހަމަޤައިމުވެސް އެތަނަށް އެއްވިމީހުންގެ ތެރޭގައި އެބުދަށް އިޙްތިރާމްކޮށް ސަލާންކުރުމަށް ސަޖިދައަށް ތިރިވިމީހުން ތިބޭނެއެވެ. ދެފައިވަށްކޮށްގެން އިންނަވާގޮތަށް އެތާގައި ބަހައްޓާފައިހުރި، ވިސްނުމެއްނެތް، އަނގައިން ބަހެއްނުބުނެވޭ ސަންގުމަރުމަރު ހިލައިގެ ބޮޑުބުއްދާއަކީ، ކަލާނގެއެއްކަމަށް ދެކޭބަޔަކު އެތަނަށް އެއްވިއެވެ. ދިވެހިން އެކަންޤަބޫލު ނުކުރިޔަސް އެތަނަށް އެޢަޤީދާޤަބޫލުކުރާ މީހުންޖަމާވިއެވެ. އަޅުކަން ކުރިއެވެ. ނަށާހެދިއެވެ. އަޅެފަހެ، ނިކަން ވިދާޅުވެދެއްވަ ބައްލަވާށެވެ؟ އެކަންއެވަނީ ކޯޗަކައްތޯއެވެ؟ ﷲގެ ދީނަށްފާޅުގައި ފުރައްސާރަ ކުރެވުނީއެވެ. މަލާމާތް ކުރެވުނީއެވެ. ދެންފަހެ، އޮންނާނީ ކޮންއަބުރެއްތޯއެވެ! ސަރފިލިޕް ގްރީންއައި ފޯނުންގުޅުއްވައި ތިޔަދެންނެވި މަރުޙަބާއިން، ތިޔަލިބިލެއްވީ ޝަރަފެއްކަމުގައި ދެކިވަޑައިގެން މަނިކުފާނަށް ހުންނެވި ދާނެއެވެ. ހިތްޕުޅުން އެފަދައުފާތަކެއް ޙާޞިލު ކުރެއްވިއިރު، ދިވެހި އިސްލާމީ ފަސްގަނޑުގައި އެތައްސަތޭކަ އަހަރަކަށް ފަހު، ﷲ އަށް ފައުޅުގައި އެކުރެވުނީ، ޝިރްކުކަން ހަނދުމަފުޅު ނެތުނީތީ، އަޅުގަނޑު އިންތިހާއަށް ހިތާމަކުރީމެވެ. ނުހަނު ދެރަވީމެވެ. ދިވެހި ކަސްޓަމުންމީހަކު ފޮނުއްވައިގެން އެރަށަށް ބަނދަރުކުރި ބޯޓުން އެތަކެތިބޭލުވިއިރު، ކަސްޓަމުގެ ވެރިޔާ އަލްފާޟިލް އިބްރާހީމް ރަޝާދަށް ހަމައެނގި ނުލައްވަނީތޯއެވެ؟ އަމިއްލަ ސަލާމަތަށް އޭގެތިންދުވަސް ފަހުން ކަސްޓަމުގެ މުވައްޒަފުން އެފަދަކަންކަމަށް، އާދެ! މަނާތަކެތިއެތެރެ ވިޔަނުދިނުމަށް، ސަމާލުވެލެއްވުމަށް އަންގަވައި ކަސްޓަމުން ސާކިއުލާއެއް ނެރުއްވުނީ ކިހިނެތްބާވައެވެ. މިއީ ނޭންގޭ ކަންތައްތަކެއް ހިމެނޭ ބޮޑުއަޖައިބެކެވެ! މަތީގައި ބިސްމިﷲ ލިޔުއްވުމަށްފަހު، ރާވިއްކުމާއި އޫރުމަސް އިސްލާމީ ދިވެހި ފަސްގަނޑުގައި ބޭނުން ކުރުމުގެ ހުއްދަދެއްވުމައި މިކަމާވަރަށް ތަފާތުވާނެއެވެ. ބުއްދާ ކުރިމަތީގައި ބަހައްޓައިގެން ފައްޅިއެއް ސިފައިގާއެންމެ ސިކުންތަކަށް، އަޅުކަމެއްކުރިޔަސް ފަހެ އެކަންވާނީ، ﷲއަށް ޝިރްކުކުރީ ކަމަށެވެ. ޝިރްކަކީ، ނުފުއްސަވާނެ އެންމެބޮޑު ފާފާއެވެ. ﷲ ފިޔަވައި އެހެންއެއްޗެއް، ސީދާ ﷲއައި އެއްހަމަ ކުރުމަކީ މިއެވެ.

އޭ! ރައީސް މައުމޫނެވެ! އެތައް މިލިޔަން ޑޮލަރެއް، އާމްދަނީއަށް ލިބުނަސް ތިޔަކުރެއްވި ކަމަކީ، ދިވެހި އިސްލާމީ ލޮބުވެތި ފަސްގަނޑުގައި ކޮށްގެންވާވަރުގެ ކަމެއްނޫނެވެ. ދީނާދެކޮޅަށް ހިންގުނު ޢުދުވާނެކެވެ. ބޮޑުޖަރީމައެކެވެ. ﷲއަށް ޝިރްކުކުރުމަށް ދިވެހިފަސް ގަނޑުންބައެއް ބޮޑުއަގުގައި ވިއްކާ ނުލައްވާވެސް، ސިންގަޕޫރުގެ މިލިޔަނަރު، މިސްޓަރ އުންބެން ސިންގައި ތިޔަބާއްވަވާ ގޮތްނޭގޭގާތް ގުޅުން ދެމެހެއްޓެވިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އަދި އޮނަރަބްލް ވަޙީދުއްދީނުގެ ޢުމުރަށް ބަނޑޮސް ދިނުމާއެކު، މިނިސްޓަރު ކަމުގައިވެސް ބެހެއްޓެވިދާނެ ކަމުގައި ދެކެމެވެ. ފަހެ، ދަންނާށެވެ! ބުދުބަހައްޓައިގެން ނާޗަރަނގީ ކުޅުމުން، އެންމެ އުފާކުރާނީ، ޞަހުޔޫނީ ޔަހޫދީންގެ ބޮޑެތި މަހުޖަނުންނެވެ. ނަޞާރާފައްޅި ތަކުގެ ބޮޑެތި ވާގިވެރިންނެވެ. މަދަދުގާރުންނެވެ. ލަނޑާގިރާވަރުގެ މިދަތުރުގައިވެސް މިފެންވަރުގެ ބޮޑުން ހާޒިރުވެ އެއުފަލުގައި ތިއްބަވާނެކަން ޔަޤީނެވެ. ރާއްޖޭގެ އަސާސީން އިސްލާމްދީނުގެ ނަންފޮހެލަން ކުރާމަސައްކަތަށް، މިކަމުން އިތުރުހިތްވަރެއް ލިބޭނެއެވެ. ސައްތައިން ސައްތަ އިސްލާމީ ދައުލަތެއްގެނަން ކަނޑުވާލުމަށް މިމުޑުދާރު ޢަމަލުން ވަރުގަދަ ހިތްވަރެއް ލިބިގެން ދާނެކަން، ކަށަވަރެވެ. ރާއްޖޭގެ ޤާނޫނާޚިލާފަށް ބ.އަތޮޅު ލަނޑާގިރާވަރުން، އެފެނުނު ބުއްދާގެ ނަޖިސް ބުދުގަނޑު ރާއްޖެއެތެރެކުރެ ވިފައިވާގޮތެއް ބެލެވި، ރައްޔިތުންނަށް އޮޅުންފިލުވައި ދޭން، ޖެހޭނެއެވެ.  އެމައްސަލަ ވަރަށް ރަނގަޅަށް ބަލަން ޖެހޭނެއެވެ. އެކަމުގެ ޒިންމާ ބޮލުގައި އަޅާނެފަރާތެއް އަވަހަށް އޮޅުންފިލަން ޖެހޭނެއެވެ. ރައްޔިތުންނަށް އެނގެން ޖެހޭނެއެވެ. ޝަރީޢަތް މެދުވެރިކޮށް އެކަންކުރި ބަޔަކަށް ނިޔާއިއްވެން ވާނެއެވެ. ވަޤުތީފައްޅި ހެދުމަކީ، ދިވެހިން އެއްގޮތަކަށް ވެސް ޤަބޫލުކުރާނެ ކަމެއްނޫނެވެ. ފަރަންޖީންގެ ކާވެނިތައް މިފަސްގަނޑުގައި ކުރެވިގެން ނުވާނެއެވެ. އެއްވެސް ކަހަލަ ކަލާނގެއެއް ދައްކުވައިދޭ ސްޓޭޖެއް، އެންމެސިކުން ތަކަށް ނަމަވެސް ހެދުމަކީ، ދިވެހިން ޤަބޫލުކުރާނެ ކަމެއްނޫނެވެ. ބުއްދާކަނލާގެ ކުތިމަތީގައި ޒުވާން އަންހެންކުދިން މޭމަތިހާމަކޮށް، ޓޮޕްލެސްކޮށް ނެށިނެށުމުގެ މައްސަލަވެސް ޤާނޫނުގެ ދަށުން ބެލެވެން ޖެހޭނެއެވެ. ފައިސާ ބޭނުންފުޅު ވާނަމަ، ސަރފިލިޕް ގްރީނަށް އޭނާގެ، 60 ވަނަ އުފަންދުވަސް ސައްތައިން ސައްތަ އިސްލާމީ ވައްތަރަށް، ރާއްޖޭގައި ބޭއްވުމަށް ދަޢުވަތު އަރުވަންވީ ނޫންތޯއެވެ. ޒަމާނީ ޑިމޮކްރަސީއެއްގެ ވާހަކަ ދެކެވޭއިރު، އިސްލާމީ ޑިމޮކްރަސީއެއްގެ ބިންގަލަށް ރުޖޫޢަވާންޖެހެނީ، މިފަދަބޮޑެތި އޮޅުންތަކާ ހެދިއެވެ. ދުލާއި ޤަލަމުގެ މިނިވަންކަން ލިބުމަކީ، އިސްލާމްދީނު ނަގާލުމަށް ކޮށާމަގަކަށް ވެގެން ނުވާނެއެވެ. އެންމެ ފުރަތަމަ، އިސްލާމްދީނެވެ. ދެން އިސްލާމީ ޑިމޮކްރަސީއެވެ.

އާދެ! ދެން ކުރިޔަށްއޮތީ، ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ، 9 ވަނަ، އަދި ރައީސް މައުމޫނުގެ، 7 ވަނަ، ރިޔާސީ ދައުރަށް ލާންޖެހޭ ވޯޓުލުމެވެ. އޮންނާނީ، 2008މ، ވަނަ އަހަރު ގައެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ތާރީޚީ ރިޔާސީ އިންތިޚާބަށް ވުމަކީ، ވަރަށް ގާތްކަމެކެވެ. މިފަހަރަކީ ހަމަޤައިމުވެސް މަޖިލީހުގެ އިއްތިފާޤު ނުހޯދޭނެ ފަހަރެއްކަން ކަށަވަރެވެ. މިފަހަރު ޔާމީނާއި އިލްޔާސާއި ގާސިމުގެ ޢަމަލުތައް ހުންނާނެގޮތް އެނގިފާޅުވާނީ، އެދުވަސް ތަންކޮޅެއް ކާރިވުމުންނެވެ. އަޅުގަނޑު ބުރަވާނީ މައުމޫނަށް ބޮޑަށް ހެޔޮއެދޭނީ ޔާމީނު ކަމަށެވެ. މިބަސް މިގޮތަށް ދަންނަވަން އަޅުގަނޑަށް ދަސްވީ، ރައީސްމައުމޫނާއި މިނިސްޓަރ ޔާމީނާއެކު އަޅުގަނޑަށް، ކަނޑުމަތީގައި އުޅެވުނު ދެތިން ދަތުރެއްގައި، އެއްމޭޒުދޮށުން، ކައިބޮއި ހެދުމަށް ލިބުނު ފުރުޞަތަކުންނެވެ. ޔާމީނަކީ، ވަރަށްފްރީކޮށް، އަޅުގަނޑަށް ފެނުނު، އެހެން ބޭފުޅުންނައި ވަރަށް ތަފާތުކޮށް، ޖޯޝާއިފޯރިޔާއެކު، މައުމޫނައި ޖަދަލު ކުރައްވާ ބޭފުޅެކެވެ. ފޯރީގައި ވާހަކަދަށްކަވާއި ވަރަށް މަޖާނަންނަވާ ބޭފުޅެކެވެ. އެހެނަސް އެދެމޫނުން ފެނުނު މަންޒަރުތައް އަޅުގަނޑަށް ކަށަވަރުކޮށް ދަސްކޮށްދިނީ، ފޮރުވިފައިވާ މިފިލާވަޅު ތަކެކެވެ. އާދެ! ސިޔާސީ ގޮތުން ކޮންމެގޮތަކަށް އަޅުގަނޑަށް ވިސްނިފައި އޮތަސް ރައީސް މައުމޫނު، އަޅުގަނޑު ގާތުގައި ވިދާޅުވެފައިވާ ބަސްފުޅު “އިލްޔާސް ބަޣާވަތްހެދީ އެއްވެސް އެނގުމަކާ ނުލާއެވެ.” އަޅުގަނޑު މިއަދުވެސް ހަދާންއެބަ ހުއްޓެވެ.

ކޮންމެއަކަސް ދިވެހީން އެދި އެދިތިބީ، އާއަސާސީ އެއްގެ ދަށުން ޒަމާނީ އިޞްލާޙު ތަކަކާއެކު، އެއްވެސްކަހަލަ ކޮރަޕްޝަނެއްނެތް، އާދައިގެ ޢާއިލާއަކަށް ނިސްބަތްވާ، ޒަމާނީ ތަޖުރިބާތައް ޢަމަލީގޮތުން ލިބިފައިވާ އިޞްލާޙަށް ލޯބިކުރާމީހެއް، ވެރިކަމަށް ހޮވުމަށެވެ. މިމަޒުމޫނު ލިޔުމުގެ އެންމެބޮޑު ބޭނުމަކީ، މިފަދަ ބޮޑުއިޞްލާޙީ ފަށްތަރެއްގެ ދަނޑިވަޅެއްގައި، ޒަމާނީ ޑިމޮކްރަސީ އެއްގެ ވާހަކަ ދެކެވެމުންދާއިރު، އިސްލާމީ އަޞްލުތަކާއި ހަމަތަކުގެ މަތީންގެނެވޭ އިސްލާމީ ޑިމޮކްރަސީ އަކަށް، މިކުރެވޭ އިޞްލާޙީ މަސައްކަތްތައް ބިނާކުރެވޭތޯ ބެލުމަށެވެ. އަޅުގަނޑު މިގެންދަނީ ބޮޑުމަޖިލީހުގައި ހަރުއަޑުން މިއަޑުތައް އުފުލަމުންނެވެ. އާދެ! އަސާސީ އިޞްލާޙުނުވެ، ރިޔާސީ އިންތިޚާބުގެ މިވޯޓުނަގަން ޖެހުމަކީ، ހިތަށް ނުގެނެވޭފަދަ ވަރަށް ގިނަގުނަ ކަންތައްތަކެއް މެދުވެރި ވެދާނެކަމުގެ ބިރުއޮތްކަމެކެވެ. މިރާއްޖެކަހަލަ، ކުޑަޤައުމެއްގައި ސިޔާސީ މަސްރަޙު ބިނާވެފައި އޮންނަގޮތުން، ކުރިޔަށް ފޯކާސްޓުކޮށް، އެއްވެސް އެއްޗެއްބުނެ، ގޮތެއް ނިންމާކަށް އެކަކަށްވެސް ނޭގޭނެއެވެ. ބޮޑުމުސާރަ ޑޮލަރުން ދީގެން ގެންގުޅޭ އެމެރިކާގެ، ހިލް އެންޑު ނޯލްޓަން ކުންފުނިން، ދިވެހި ސިޔާސީއުދަރެސް ދިރާސާކޮށް ހެދުމަށްފަހު، ގެނެސްދޭ ރިޕޯޓުތަކަކީ ވެސް، އެއްވެސް ގޮތަކަށް ދިމާވާ އެއްޗަކަށް ނުވެއެވެ. މިއީ ސަރުކާރުން ޚަރަދުކޮށްގެން، ރައީސް މައުމޫނަށް ލަފާއަރުވާއި މޫނުމަތި ރީތިކުރެއްވުމަށް ގެންގުޅޭ މާޤާބިލުބައެއްކަމަށް ހެދިގެންއުޅޭ ބިދޭސީ ބައެކެވެ. މިމަސައްކަތް ކުރަމުން ގެންދަނީ، ވަރަށް ވަރުގަދަކޮށް ރައީސް އޮފީހުގެ ދަށުން، ބަލަހައްޓަމުން ގެންދާ އިސްތިރާތީޖީ މުވާޞަލާތާބެހޭ ޔުނިޓަކުންނެވެ. އެއީއެކަން ވާނެގޮތެވެ. ހަރުދަނާ ނިޒާމެއް ދުރާލައިގެން ބިނާކުރެވިފައި ނެތީމާ، ވާނެގޮތް މިދަނީ ވަމުންނެވެ. ނަތީޖާ، މިދަނީފެންނަ މުންނެވެ. ކުރިމަތީގައި ފުރިހަމަ އަމާޒެއް ނެތުނީމާ ވާގޮތެވެ. އެނބުރޭ ވަހުތާނެއްހެން ނޭބުރޭފަދަ ގޮތަކަށް ހަރުދަނާ، އިސްލާމީ އަޞްލެއްގެ މަތީގައި އަބަދަށް، ދެމެހެއްޓޭނެ ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރަންޖެހެނީ، މިސަބަބުތަކާ، ހެދިއެވެ. ބިންގަލާއި އަސާސް ހަރުދަނާ ވުމަކީ، އުޞޫލުތައް ދެމެހެއްޓިފައި ހިންގަން ހުންނަ މީހާބަދަލުވެ، ދައުރުވަމުން ދިއުމެވެ. އެމީހާޢުމުރަށް ބަހައްޓާފައި އުޞޫލުތައް އޭނާގެއަތަށް، ބޭނުންހާ ގޮތަކަށް ހަދާނެއެއްޗެއް ހަދަން މިނިވަންކޮށް ދޫކޮށްލާފައި ބެހެއްޓުމެއް ނޫނެވެ. ރައްޔިތުންގެ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް އުފުލަންޖެހޭ، އެންމެއިސް މަޤާމުތަކަކީ، އަވަސްއަވަހަށް ދައުރުވާން ޖެހޭނެ ވަޒީފާތަކެކެވެ. އެއްގޮތަކަށް ވެސް މާދިގު މުއްދަތަކަށް، އެކަކު ބަހައްޓައިގެން ނުވާނެ ޒިންމާތަކެކެވެ. ރައްޔިތުންގެ ވެރިކަމަކީ، އެބައެއްގެ ފުރިހަމަ، ޢަޤީދާއާއި ދީނުގެ އަޞްލުތަކުގެ މަތީގައި ބިނާ ކުރެވިފައިވާ ޖުމްހޫރީ ވެރިކަމެވެ. ވަކިން ހުންނަ އެންމެ ފަރުދެއްގެ ޝަޚުޞީބާރުތައް މުޅިންކެނޑި، އެއްޖަމާޢަތަށް ވުރެގިނަ ޖަމާޢަތްތަކުގެ ޚިޔާލު، އެއްގޮތްވެގެން އުފެދޭ ރައްޔިތުންގެ ވަރުގަދަ ބާރުން ބާރުވެރިވެގެން، ވެރިކަން ހިންގުމެވެ. އެއްޕާޓީއަށް ވުރެގިނަ ސިޔާސީޕާޓީ އެކުލެވޭ މަޝްވަރާގެ ސިޔާސަތަކީ މިއެވެ. ދުނިޔޭގެ ބާރުގަދަ، އަދި ބޮޑެތި ޤައުމުތަކުގައި މިވައްތަރުގެ މަލްޓިޕާޓީ ސިސްޓަމް ސިޔާސަތުދަނީ، ތަޖުރިބާ ކުރެވެމުންނެވެ. އިސްލާމީ ދައުލަތް ތަކުގައިވެސް ގެންދަނީ، މަލްޓިޕާޓީ ސިޔާސަތުގެ މަޝްވަރާގެ ނިޒާމުތަޢާރުފުކޮށް ތަޖުރިބާ ކުރަމުންނެވެ. ޢަރަބި، އަދި އިސްލާމީ ދައުލަތް ތަކުގައިވެސް ދަނީ މިމަގުން ކުރިޔަށެވެ.

އާދެ! މިފަދަ ޒަމާނާގުޅޭ ތަހުޒީބީ ހަމަތައް ވެރިކަމުގެ ނިޒާމަށް ގެނެވޭއިރު، ވިސްނާލަން ޖެހޭ އެންމެ މުހިންމު ދާއިރާއަކީ، ދިވެހިންގެ ވަޙުދަތާއި ސިޔާދަތު ދަމަހައްޓައި ދެމުން ގެންދާ ބިންގަލަކީ، އިސްލާމްދީނު ކަމެވެ. އިސްލާމްދީނަކީ، ހުރިހާ ޒަމާނަކާގުޅޭ ތަހުޒީބީ ހަމަތަކުގެ މަތީގައި ދެމިއޮތް ދީނެވެ. އަދި ދުނިޔެއޮތްހާ ހިނދަކު ދެމިގެންދާނެ ދީނެވެ. ދިވެހީންނާއި އިސްލާމްދީނު ވަކިވިޔަދީގެން ނުވާނެއެވެ. ދިވެހިންގެ އަޤީދާއަކީ ސާފު އިސްލާމް ދީނެވެ. އިސްލާމްދީނަކީ ދިވެހިންގެ ޝަރީޢަތާއި ދުސްތޫރެވެ. ލިބަރަލް ޑިމޮކްރަސީއޭ މިކިޔަނީ، ކީއްކުރަން ތޯއެވެ! ކިތަންމެ ބޮޑުނަމެއް ކިޔާވައްތަރެއްގެ ނިޒާމެއް ވެރިކަންކުރުމަށް ޚިޔާރުކުރިޔަސް، އެއެއްޗެއް ގެބިނާ، އާރާސްތުކުރެވި، ޢިމާރާތްކުރެވިގެން ދާންޖެހޭނީ، އިސްލާމީ ހަމަތަކާއި އިސްލާމީ އަޞްލުތަކުގެ ސާފު ބިންގަލުގެ މައްޗަށެވެ. އިސްލާމީ ނިޒާމެއްގައި މަލްޓިޕާޓީ ސިޔާސަތާއި ޖުމްހޫރީ ވެރިކަމާ ތަޢާރުޟުވެ އަރާރުން ވުމެއްނެތެވެ. އެއީ މަޝްވަރާ ލިބިގަތުމާއި، ދިނުމަށް ހުރިސިޔާސީ ޖަމާޢަތްތަކެއް ކަމުގައި ބެލުމުން ފުދޭނެއެވެ. ފަހެ، ދަންނާށެވެ! ފުރިހަމަ ޑިމޮކްރަސީއަކަށް ވާނީ، އިސްލާމީ އަޞްލު ތަކަށްފެތޭ “އިސްލާމީ ޑިމޮކްރަސީ” ކަންކަށަވަރެވެ. އަދި އިސްލާމުން ޑިމޮކްރަސީ ގަބޫލުކަރަނީ، އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކުން ސީދާކޮށް ލިބިގަނެގެންނެވެ. އިސްލާމީ ޝަރީޢަތުގެ މަޞްދަރުގެ ތެރެއިން ޝަރީޢަތާޚިލާފު ނުވާގޮތަށެވެ. އިސްލާމީ ޝަރީޢަތުގެ އަޞްލެއް ނުވަތަ، ޙުކުމެއް ކިތަންމެގިނަބަޔަކު އެއްކޮޅަށް ޖެހިފައި، އިއްތިފާޤުން ފާސްކުރި ކަމުގައިވިޔަސް، އެޙުކުމް ބަދަލުކޮށެއް ނުލެވޭނެއެވެ. އިސްލާމްދީނު ގެނެސްދެއްވި، ޝަރީޢަތް އޮންނާނީ، ﷲ ޝަރުޢު ކުރެއްވި ގޮތަށެވެ. އެއީ އިސްލާމް ދީނުގެ އަޞްލެވެ. އުނިއިތުރު އެކަކަށްވެސް ނުގެނެވޭ ނެއެވެ. މިއީ ހުރިހާ އިސްލާމުންވެސް ދަންނަކަމެކެވެ. ހިތުގެއަޑިން ޤަބޫލުކުރާ ޢަޤީދާއެވެ. އިސްލާމުންގެ ޑިމޮކްރަސީގައި ހުންނާނީ، އިސްލާމީ ކުލައެވެ. އިސްލާމީ ރޫޙެވެ. އިސްލާމީ ޖޯޝެވެ. އިސްލާމީ ފިކުރެވެ. ދުނިޔޭގެ ގަދަބާރު ކަމުގައިވާ އެމެރިކާ އާއި ޔަހޫދީން އަތްގަދަކޮށް ފައިވާ، ބައިނަލް އަޤްވާމީ އެކުވެރި ދައުލަތްތަކު (އދ) ން ކޮންމެފަދަ ގޮތަކަށް، ދީނާއި ވެރިކަމާއި ޑިމޮކްރަސީއާ، ވަކިކޮށް ޤަރާރުތައް ފާސްކުރިޔަސް، އަބަދާއި އަބަދަށްވެސް މުސްލިމުންގެ ގާތުގައި އެންމެ އިސްކަންދޭން ޖެހޭނީ، ކީރިތިޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތަށެވެ. ދީނަކީ، އިންސާނިއްޔަތުން ބޭރުގައިވާ ރޫޙާނީ އެއްޗެކޭބުނެ، ދީނުގެ ތަނބެއް މުގުރާލަން މަސައްކަތް ކުރިޔަސް އެކަމެއް ނުކުރެވޭނެއެވެ. އިސްލާމުންގެ ޢަޤީދާ މާވަރުގަދަ ވާނެއެވެ. އިސްލާމީ ޝަރީޢަތް ޤަބޫލުކުރުމަކީ، އެޝަރީޢަތާގުޅޭ މައްސަލައެއްގައި ކިތަންމެ މަތީ އަޣްލަބިއްޔަތެއް، ނުވަތަ އިއްތިފާޤެއް ލިބުނަސް އެކަމެއްގެ ޙުކުމަށް ބަދަލެއްނުގެނެ ވޭނެކަން ހިތުގެ އެންމެފުނުން ޤަބޫލު ކުރުމެވެ. އދ.ން ގޮވާލާ ހުރިހާކަމަކަށް ޢަމަލުކުރަން ޖެހެންޏާޖެހޭނީ، ދީނީމަޞްދަރުތައް މުގުރާލާށެވެ. އެމީހުންގެ ޤަރާރުތަކަށް ބޯލަނބައި އީމާންވާށެވެ. ދެޖިންސު ހަމަހަމަ ކުރުމުގެ ނަމުގައި އިސްލާމީ ދައުލަތެއްގެ ވެރިކަން އަންހެންކަނބަ ލުންނަށް ވެދުމަށް އަރުވާށެވެ. އަންހެނެކަށް ތަބާވުމަށް ބައިޢަތު ހިފާށެވެ. ވިރާސީ މުދާބެހުންވެސް ދެޖިންސަށް އެއްވަރުކޮށް، ހަމަހަމަ ކުރަންވީއެވެ. އަދި އެންމެފަހުން ޖެހޭނީ، ބޮޑެތި ޤައުމުތަކުގައި އޮންނަހެން، ޒަމާނީ ޑިމޮކްރަސީގެ ތެރެއިން އެއްޖިންސުން ކާވެނިކުރުން ވެސް، މަޖިލިސް އިއްތިފާޤު ވެލައިގެން، ނުވަތަ ފުޅާއަޣްލަބިއްޔަތެއް ހޯދައިގެން ހުއްދަކުރާށެވެ. ޒަމާނީ ޑިމޮކްރަސީގެ ލައްޒަތުގެ ތެރެއިންލާފައި، ބަރުލަމާނީ ނިޒާމުގެ ދަށުން ގެންގޮސް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްލައި، ހުރިހާކަމެއް ނިންމާލީމާ ނިމުނީނޫންތޯއެވެ. އޭރުން އެންމެހާ ރައްޔިތުންނަށް ކޮންމެހެން އިނގޭކަށްވެސް ނުޖެހޭނެއެވެ. ޢާންމު ވޯޓަށް އަހާކަށްވެސް ނުޖެހޭނެއެވެ. ޒަމާނުއްސުރެ ރައީސުލް ޖުމްހޫރިއްޔާއަކު ހޮވުމަށް އޮންނަ އާންމުރައްޔިތުންގެ ބަހެއްހޯދުން އުވާލެވުނީއެވެ. އެކަންކުރާނީ ރައްޔިތުންގެ ނަމުގައި ހޮވިގެން ތިބޭމަދު ބަޔެކެވެ. ބޮޑުވަޒީރާއި އޭނާގެ ޕާޓީން ހުރިހާކަން ތަކެއް ކޮށްލީމާ ނިމުނީއެވެ. ޒަމާނީޑިމޮކްރަސީއާއި ޒަމާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ހުރިހާކަމެއް ނިންމާލެވު ނީއެވެ. އޭރުން ޝަރުޢުކުރާ ފަރާތަކީ، ޤާނޫނުހަދާ މަޖިލްކަމުގައި ކަނޑައެޅުނީއެވެ. އާދެ! މިއީ އިސާހިތަކު ނޭގިތިއްބާ ހިނގައިދާނެ ހިސާބެކެވެ. މިހިސާބަށް ދާންދެން، މުސްލިމު ރައްޔިތުން ދެއަތްއުރާ ލައިގެން ހަމަމަޑުން، ބަލަންތިބެންވީ ތޯއެވެ؟ ނޫނެކެވެ! ހަމައެއްގޮތަކަށް ވެސް މަޑުންތިބެގެން ނުވާނެއެވެ. އާދެ! އިސްލާމީ ޝަރީޢަތް އެކަހެރިކޮށް، ހުޅަގުން އިނާމުތައް ދީގެން ހިތްވަރުއާލާ ކޮށްދޭ ޒަމާނީ ޑިމޮކްރަސީ ބަލައިގަތުމަކީ، ކަނޑައެޅިގެން ހުރިޙަރާމްކަމެކޭ ބައެއްދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. ބައެއް ބޭފުޅުންގެ ޚިޔާލު މިހެން އޮތަސް، ހުޅަގުގެ ޒަމާނީ ވަޞީލަތްތަކާއި ކުރިއެރުމަކީ، ޙަރާމް ކަމެކޭބުނެ، ދެއަތްއުރާލައިގެން ހަމަހިމޭންކޮށް، ތިބުމަކީވެސް މުސްލިމުންނަށް، ހުއްދަވާނެ ކަމެއްކަމަށް އަޅުގަނޑު ނުދެކެމެވެ. އެމީހުންނާގުޅި، ހުރިހާގޮތަކުން ވާދަކުރަންވާނީ އަމިއްލަ ފޮތާއި، ގޮތާއި ޢަޤީދާ ނުގެއްލޭ ގޮތަށެވެ. އިސްލާމީ ޖުމްހޫރުއްޔަތެއް ކަމުގައިވާ އީރާނަށް ބަލައިލާއިރު އޮވެގެން ދަނީކުރިޔަށެވެ. ނިއުކްލިއަރ ހަތިޔާރުގެ ބާރަކަށް ވަނީއެވެ. އަންހެނުން އެކަނބަލުންގެ ގޮތުގައި ހުރިހާ މައިދާނެއްގައި ވެސް މަސައްކަތް ކުރެއެވެ. ފަހެ ދަންނާށެވެ! ހުރިހާއިރެއް ގައިވެސް، ހުރިހާ ވަޤުތެއްގައި ވެސް، ހުރިހާތަނެއްގައި ވެސް ޙައްޤުގޮތް ބަޔާންވެ، ފާޅުކަން ބޮޑުވާނެއެވެ. އިސްލާމުންގެ ހިތްވަރެއް ހުރިއްޔާ، ބާޠިލުގޮތުގެ މައްޗަށް ޙައްޤުގޮތް ގަދަކުރެ ވޭނެއެވެ. ﷲ، މަގުދައްކަވާފައި އޮތީ އެގޮތަށެވެ. ބާރަށް ކުރިޔަށް ދާންވީއެވެ. ޝައްކެއްނެތް ގޮތުގައި ކާމިޔާބުއޮތީ އިސްލާމީ ޑިމޮކްރަސީއަށެވެ.

މިހާރަކަށް އައިސް ފެންނަމުން މިދާ ފިކުރީ ނަޒަރިއްޔާތަކާއި އދ.ގެ ޤަރާރުތަކަކީ، އިސްލާމް ދީނަށްވުރެ ފުރިހަމަ ކުރެވޭނެ އެއްޗެއްނޫނެވެ. ވީމާ ދަންނާށެވެ! އިސްލާމުންގެ ޑިމޮކްރަސީއަކީ، ދީނުގެހަމަ ތަކާއި، ޙައްދުތަކުގެ ފުރިހަމަ ކަމެވެ. ތަހުޒީބީ މިނިވަންކަމެވެ. އިސްލާމީ ޑިމޮކްރަސީއޭ މިކިޔަނީ އެއަށެވެ. އާދެ! އެއީ ޤިޞާޞް ހިފުމުގެދޮރު ހުޅުވިފައިވާ ޑިމޮކްރަސީއެވެ. ކޮން ކެޕިޓަލް ޕަނިޝްމަންޓެއްގެ ވާހަކަ ދައްކާކަށް ތޯއެވެ! ކޮން ހަނުހުރުމެއްގެ ވާހަކައެއް ދައްކާކަށް ތޯއެވެ؟ މަރަށް މަރުހިފުމަކީ، އެންމެބޮޑެތި އިންސާނީ ޙައްޤުތަކުގެ ތެރެއިން، ޙައްޤެއް ކަމަށްދެކި، ޤަބޫލުކުރާ ޑިމޮކްރަސީއެވެ. ދައުލަތް ބިނާކޮށް ޢިމާރާތްކުރެވޭނީ، އިސްލާމްދީނާ އެކުގައި ގައިމުކުރެވިފައި އޮންނަ، ޑިމޮކްރަސީންނެވެ. ސައްތައިން ސައްތަ ދިވެހީން ދެކެން ބޭނުންވާ އިސްލާމީ ތަހުޒީބީ ޑޮމިކްރަސީ އަކީ މިއެވެ. ފަހެ، އެއީ “އިސްލާމީ ޑިމޮކްރަސީ” އެވެ. އިސްލާމީ ދައުލަތެއްގެ ވެރިކަމަށް ނިސްބަތް ކުރެވޭ އެކިއެކި ނަންތައް އިސްލާމީ މަޞްދަރުތަކާ އެއްގޮތަށް ބިނާކޮށް ޢިމާރާތްކުރާށެވެ. ފަހެ، ޝޫރާގެ ނިޒާމުގެ މާނައަކީ މިއެވެ. މިނޫންގޮތެއް ބަލައި ގަނެވިގެން ނުވާނެއެވެ. ދެން އަޅުގަނޑު ބަލާލާނީ، “އިސްލާމީ ޑިމޮކްރަސީ” ގެ އެކިބައި ތަކަށެވެ.

މަޝްވަރާ:

މަޝްވަރާއަކީ، ދިމާވާކަންކަމުގައި އެންމެ ހެޔޮކަންބޮޑުގޮތް ދެނެގަތުމަށާއި ޙައްޤު ގޮތްދެނެ ގަތުމަށްޓަކައި، ހެޔޮވިސްނޭ މީހުން ތަނަކަށް، އެއްވެވާހަކަ ދައްކައިގެން ނެރެވޭ އޮއްޓަރުހުރި، ޚިޔާލުތަކުގެ ރަނގަޅު ނަތީޖާއެވެ. އަޅުގަނޑުމެން ދިވެހިންނަކީ، އިސްލާމުންނަށް ވުމާއެކު މަޝްވަރާ ކުރެވޭނީ، އެކަމެއްގެ ޙުކުމްބަޔާން ކުރައްވައި އިސްލާމްދީނުގައި ނައްޞެއް އައިސްފައިނުވާ، ދުނިޔެވީ ކަން ކަމުގައެވެ. ނައްޞުން ވާރިދުވެފައިވާ އެއްވެސް ކަމެއްގައި މަޝްވަރާ ކުރުމެއް ނޯންނާނެއެވެ. އެހެނަސް، ދުޝްމަނުންނާއެކު ކުރެވޭ ހަނގުރާމަތައް ރޭވުމާއި ދިރިއުޅުމުގައި ދިމާވާއިޖްތިމާޢީ ކަންތަކުގައި މަޝްވަރާ ކުރެވޭނެއެވެ. އިސްލާމީ ޝަރުޢުގައި ޤަޠުޢީދަލީލެއް އައިސްފައިނުވާ ކަންކަމުގަ އެވެ. ބުއްދީގެ ހެކިތައް ހުންނަކަންކަމުގައި ވެސް މަޝްވަރާކުރެވިދާނެ ކަމަށް ޢިލްމުވެރިން ދެކެވަޑައި ގަންނަވައެވެ. އާދެ! މަޝްވަރާ ކުރުމަކީ، ވަރަށް ނަތީޖާރަނގަޅު ކާމިޔާބު ހަމައެކެވެ. އާރުލާ ވަރުގަދަ ނިޒާމެކެވެ. އިސްކޮށް ޒިންމާއާއި މަސްއޫލިއްޔަތު އުފުލަން ހުންނަ ކޮންމެމީހަކު، ކޮންމެ ހެންވެސް ކުރަންޖެހޭނެ ލާޒިމު ކަމެކެވެ. ގިނަ އިޖްތިމާޢީ މައްސަލަތައް، މުޖްތަމަޢުން ފޮހެލުމަށްއޮތް، އެންމެ ވަރުގަދަ ހަތިޔާރެވެ. އިދާރީގޮތުން ކަންތައް ޙައްލުކޮށް، ކުރިޔަށް ދިއުމުގެމަގު ފަހިވެގެންދާ ގަދަފަދަ ނިޒާމެވެ. ރައްޔިތުން ކާމިޔާބު ހޯދުމުގެ ސީދާމަގެވެ. ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުންނާއި އިޤުތިޞާދީގޮތުން ކުރިޔަށްދިއުމުގެ އެންމެވަރުގަދަ ބާރެވެ. ހުރިހާގޮތަކުން ވެސް އުންމަތް އުފުލި، ދައުލަތް މަތިވެރިކޮށްދޭ ހަރުދަނާ ބިންގަލެވެ.

އިސްލާމީ ޝަރީޢަތުގައި ދައުލަތް ހިންގުމުގެ ނިޒާމުބިނާ ވެގެންވަނީ، މަޝްވަރާގެ މަތިވެރި އުޞޫލުތަކުގެ މައްޗަށެވެ. ﷲ، ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަމުރުކުރައްވަނީ، މިފަދައިންނެވެ. “އެބައިމީހުންނަށް ކަލޭގެފާނު އޯގާތެރިވެ ވަޑައިގަތީ، ﷲގެ ޙަޟްރަތުން ލެއްވި ރަޙްމަތެއްގެ ސަބަބުންނެވެ. ހިތްޕުޅު ހަރުކަށި، ޚުލްޤުފުޅުނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވީނަމަ، ކަލޭގެފާނުގެ އަރިހުން އެބައިމީހުން ދެރުހެލިވެގެން ހިގައްޖައީހެވެ. ފަހެ، އެބައިމީހުންނަށް މަޢާފު ކުރައްވާށެވެ. އަދި އެބައިމިހުންގެ ފާފަ ފުއްސެވުމަށް އެދި، ﷲއަށް ދުޢާކުރައްވާށެވެ! އަދި މަޝްވަރާ ކުރެއްވުމަށް ބޭނުންފުޅުވާ ކަންކަމާމެދު އެބައިމީހުންނައި ކަލޭގެފާނު މަޝްވަރާކުރައްވާށެވެ. މަޝްވަރާ ކުރެއްވުމަށް ފަހު، ކަމެއްކުރެއްވުމަށް ކަލޭގެފާނު ޢަޒުމްކަނޑަ އަޅުއްވައިފިނަމަ، ﷲއަށް ވަކީލުކުރައްވައި އެކަމެއްކުރެއް ވުމުގައި ކުރިޔަށް ވަޑައިގަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއަށް ވަކީލުކުރާ މީހުންދެކެ، ﷲ ލޯބިވެވޮޑިގެން ވެއެވެ.” ފަހެ، މިއީ މަޝްވަރާކުރުމުގައި ހުރި، ހަރުދަނާ ކަމެވެ. އަދި ﷲ، މުއުމިނުންގެ ސިފަތައް، ބަޔާން ކުރައްވަނީ، މިފަދައިންނެވެ. “އަދިއެބައި މީހުންނަކީ، އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި، ﷲގެ ޙަޟްރަތަށް ކިޔަމަންތެރިވެ އިޖާބަދީ، ނަމާދުގެ ވަޤުތުގައި ނަމާދު ޤާއިމުކުރާ މީހުންނެވެ. އަދި އެބައިމީހުންގެ މެދުގައި ކަންތައްތައް ކުރުންއޮތީ، މަޝްވަރާގެ މަތިންނެވެ. އަދި، ﷲ އެބައިމީހުންނަށް ދެއްވިރިޒުޤުން، ﷲގެ މަގުގައި އެބައިމީހުން ހޭދަކޮށް އިންފާޤު ކުރެއެވެ.” ފަހެ، މިއީ މުއުމިނުންގެ “އިސްލާމީޑިމޮކްރަސީ” އުފެދި، ކުލަޖެހެންވީ ހަރުދަނާ އަސްލުތަކެވެ. އެމަގު ޚިޔާރުކުރުމަށް އޮތްބިންގަލެވެ. ފަހެ، ދަންނާށެވެ! ތެދުމަގު މިއޮއްތީ، ﷲ ދައްކަވާފައެވެ. ﷲއަށް އިޖާބަދީ، ނަމާދުކޮށް މަޝްވަރާގެ ދަށުންހުރިހާ ކަމެއްކޮށް، ރީތިދިރި އުޅުމެއް އުޅެންވީއެވެ. ދެދުނިޔޭގައި ކާމިޔާބު ދެއްވާނެކަން ކަށަވަރެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ނަޒަރު ހިންގާލާއިރު، މަޝްވަރާގެ މަތިވެރިނިޒާމު ވަރަށް ފުރިހަމަކޮށް، ޢަމަލީގޮތުން ދައްކަވާފައި އެބަހުއްޓެވެ. ބޮޑެތިހަނގުރާމަ ތަކުގައި މަޝްވަރާހޯއްދަވާފައި އެބަހުއްޓެވެ. ބަދުރު ހަނގުރާމަ ކުރެއްވުމަށާއި އެހަނގުރާމައިގާ، ހިފުނު އަސީރުންނާމެދު، މަޝްވަރާ ހޯއްދެވިއެވެ. އުޙުދު ހަނގުރާމައަށް ނުކުމެވަޑައި ގަތުމުގައި އަޞްޙާބު ބޭކަލުންގެ މަޝްވަރާ ހޯއްދަވާފައި ވެއެވެ. އަޙްޒާބު ހަނގުރާމާގައި ވެސް މަޝްވަރާ ކުރެއްވިއެވެ. އަދި ދައުލަތް ހިންގެވުމުގެ އެންމެހައި ކަންކަމުގައި، ﷲ ރުއްސުންލެއްވި އަބޫބަކުރު އައްޞިއްދީޤާއި، ޢުމަރުލްފާރޫޤުގެ މަޝްވަރާ ވަރަށް ގިނައިން ހޯއްދަވާ ކަމުގައިވެއެވެ. އެކިޤަބީލާ ތަކަށާއި ރަށްރަށަށް ސަފީރުންގެ ގޮތުގައި ޢައްޔަން ކުރައް ވާނެބޭފުޅުންނާ މެދު، މިދެބޭކަލުންގެ މަޝްވަރާ ހޯއްދަވައެވެ. ރަސޫލާ، ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އަވަހާރަވުމަށް ފަހު މަޝްވަރާ ކުރުމަށް، މަޖިލީސްތައް އުފެދުނެވެ. އެހެންވާން ޖެހުނީ، ނަބަވީޙަޔާތަށް ފަހު، ވަޙީބާއްވާލެއްވުން ހުއްޓިގެން ދިއުމުންނެވެ. ސުންނަތުގައި ނައްޞެއް ފެންނަންނެތް ކަންތަކުގައި މަޝްވަރާތައް އިތުރުވެގެން ދިޔައެވެ. މިގޮތުން އަބޫބަކުރުގެފާނުގެ ޒަމާނުގައި، ޤުރުއާން އެއްފޮތަކަށް ޖަމާކުރެއްވުމަށާއި މުރުތައްދުވީ މީހުންނާދެކޮޅަށް ކުރެއްވި ހަނގުރާމަތައް ރޭވުމާއި، ޢިރާޤުން ފަތަޙަވިބިންތައް، ހަނގުރާމަ ވެރިންނަށް ބެއްސެވުމުގެ ކަންތަކުގައި މަޝްވަރާ ކުރެއްވިއެވެ.

ޝައްކެތްނެތް ގޮތުގައި އަންހެން ކަބަލުންގެ މަޝްވަރާއަކީ ވެސް، ދައުލަތް ހިންގުމުގައި ވަރަށް މުހިއްމު ދޮރާއްޓެއްކަން ކަށަވަރެވެ. ކުރީޒަމާނުގައި މަޝްވަރާ މަޖިލިސް ތަކުގައި އަންހެން ކަނބަލުން ބައިވެރިވެފައި ނެތަސް، އެކަނބަލުންގެ މަޝްވަރާ ހޯއްދަވާފައި ވެއެވެ. ރަސޫލާ، ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބައެއް، އަނބި އަނބިކަނބަލުން އެކަލޭގެފާނަށް، އެކިކަންކަމުގައި މަޝްވަރާ އަރުއްވާފައި ވެއެވެ. ޢަމުދުން މިހާރުގެ ޢިލްމީ ޙާލަތައް ވިސްނާއިރު، އަންހެނުންގެ ތެރޭގައި ތަޢުލީމީ، ފަލްސަފާ ވެރިންނާއި، ފަންނީހުނަރުވެރި ބޭފުޅުން މަދެއްނޫނެވެ. އިސްލާމްދީނުގެ ހަމަތަކާއި އުޞޫލު ތަކުގެމަތިން، އެތަރަހައިގެ ތެރޭގައި މަޝްވަރާ މަޖިލިސްތަކުގައި ޝާމިލުވެ، ދައުލަތްހިންގުމަށް ރާވާރޭވުން ތަކުގައި، އެކަނބަލުންނަށް ފެންނަޚިޔާލެއް ދެއްވުމަކީ، މުހިއްމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ދައުލަތުގެ އެންމެމަތީ އިމާމަތާއި އުއްތަމަ ފަޑިޔާރު ކަންފިޔަވައި، މުޅިދައުލަތުގެ ހުރިހާކަމެއްގައި އެކަނބަލުންގެ ބައިވެރިވުން ޢަމަލީގޮތުން އޮންނަންޖެހޭ ނެއެވެ. ހިއްސާކުރެވެން ޖެހޭނެއެވެ. އިސްލާމީ ދައުލަތްތަކުގައި މަޝްވަރާ މަޖިލިސްތައް މިހާރުވެސް އޮވެއެވެ. މިފަދަ މަޖިލިސްތައް ގެންގުޅޭގިނަ ޤައުމުތަކުގައި، މިއީ ނަމަކަށް ގެންގުޅޭ މަޖިލީހެކެވެ. ރައްޔިތުންނަށް އަޅުވާއަނދުނެކެވެ. ދައްކާލާފަރި ދަޅައެކެވެ. އޮޅުވާލާ އޮޅުވުމެކެވެ. ޚާއްޞަކޮށް ޢަރަބިޤައުމު ތަކަށް ބަލާލާއިރު ފެންނަނީ މުޅިންވެސް އެގޮތަށެވެ. ރާއްޖޭގައިވެސް މިކަހަލަ، މަޝްވަރާ މަޖިލީހެއް އޮވެއެވެ. ވަރަށް ފޯރީގައި ޙަރަކާތަށް ގެނެވުނު ދުވަސް ވަރެއް ދިޔައެވެ. އެއީ ރައީސް މައުމޫނުގެ ބޮޑުމަޝްވަރާ މަޖިލީހެވެ. މިއީ ގަނޑުވަރުން ބޭރުގައި އެއްކުރެވޭ އެއްވުމެކެވެ. ގަނޑުވަރު ތެރޭގެ މަޝްވަރާތަކަކީ، މުޅިންވަކި، ބާބެކެވެ. މުޅިން އެހެން ދޮރާއްޓެކެވެ. ފަހެ އެބާބަކީ، ފިނިހަނގުރާމަ އެއްކަހަލަ ހޫނު މަޝްވަރާ ތަކެކެވެ. ކާމޭޒުމަތީގައި އޮންނަ ސުފުރާއާއި ގޯތި ތެރޭގައި އޮންނަކާރު ތެރެއަކީ، މިފަދަފިނި ހަނގުރާމައިގެ ހޫނުގަނޑަށް ލިބިދޭ އަވަސްފަރުވާ އަކަށް ވެގެންދާ ފަހަރުވެސް އާދެއެވެ.

އާދެ! ދެންފަހެ، ދަންނާށެވެ! މިމަޝްވަރާ ތަކަކީ، އެދުވަސްވަރު، މާފޯރިގަދަކޮށް އެތެރެއާއި ބޭރަށް، ރައީސް މައުމޫނު ދެއްކެވި އޮފްދާރު ވިދުވަރެއްފަދަ ދަޅައެކެވެ. އިސްލާމީ މަރުކަޒުގެ ހޯލުގައި މިބައްދަލު ވުންތަކުގެ ރިޔާސަތުގައި އިސްކޮށް އިންނަވައިގެން ކުރިޔަށް ގެންދެވިއެވެ. ފުދޭވަރެއްގެ ދަޅައަކަށް، މިކަންތައް އެދުވަސްވަރު ވެގެންދިޔައެވެ. އަތޮޅުތަކުގެބައެއް އަހުލުވެރީންނަށް ސިފަކުރެވުނީ، ޚަލީފާއެއްގެ މަތިވެރި ދަރަޖައިގައެވެ. އަދި އަތޮޅުތަކަށް، އެކަންވެގެން ދިޔައީ، އިސްލާމީ މަރުކަޒުން ވިދާލި ވަރުގަދަ ވިދުވަރަކަށެވެ. މިމަޖިލީހުގެ ބައެއް މެމްބަރުންގެ ފަރާތުން، އިޚުލާޞްތެރި، ތެދުވެރި، މަޝްވަރާތަކެއް ލިބިވަޑައި ގަންނަވަން ފެއްޓުމައި ގުޅިގެން، އެއިށީނުންތައް ވަނީ، ހުއްޓާ ލައްވާފައެވެ. އެވިދުވަރާއެކު، އަލިފާނުގެ ކަރަންޓު ފައިބާގޮތް ވީކަމަށް ބެލެވެއެވެ. ހިސާބައްވުރެ މަގުފުރެދިއްޖެ ނަމަ، ކޮންމެކަމެއް ވެސް ހުށަހެޅިގެން ދާނީ، ﷲގެ ކޯފާއަށެވެ. އަނިޔާލިބޭ މީހުންގެ އިޙުސާސްތަކާއި ދުޢާތަކަކީ، އެއްވެސް ހުރަހެއްނެތި ސީދާކޮށް ރޫޙާނިއްޔަތާ ސީދާކޮށް ގުޅިފައިވާ، ﷲގެ ޢަޒުލްގައި ނަތީޖާ ފޮރުވިފައި އޮންނަ ވަކިބާރެކެވެ. އެބާރުގެ ކުރިމަތީގައި ލޭޒަރއަލީގެ ހަތިޔާރާއި ނިޔުކްލިޔަރ ހަތިޔާރަކީ، އެއްވެސް އެއްޗެއް ނޫނެވެ. ލޮލުފިޔަ ޖެހިފައި ހުޅުވޭއިރު އޮންނާނީ ވާނެއެތިވެ ނިމިފައެވެ. ސުނާމީއާއި ބިންހެލުމަށް ނަޒަރުކުރައްވާށެވެ. ހޮނާއި ގުގުރީގެ ކޯފާއަށް ވިސްނާލައް ވާށެވެ. އިސްރާއާއި މިޢުރާޖުގައި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޑަށް ދަތުރުފުޅު ކުރެއްވި ބުރާޤުސަވާރީއަށް ނަޒަރުކޮށް ބައްލަވާށެވެ. އާދެ! އެންމެ ހެއްވާކަމަކީ، އަދިވެސް ރައީސް މައުމޫނު ފެއްޓެވި މަޝްވަރާ މަޖިލިސް އުވާނުލައްވާ އޮންނަކަމެވެ. އެމަޖިލީހުގެ ބައެއްބޭކަލުން މިހާރުވަނީ، ނިޔާވެފައެވެ. ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރައްވާފައެވެ. އަޅުގަނޑު ހިތައްއަރަނީ، އެމަޖިލިސް އުވާނުލައްވައި އެބާއްވަވަނީ، އަދިވެސް އެމަޖިލީހުގެ މަޝްވަރާ އެއް، ހޯއްދެވުމުގެ ނިޔަތް، ހިތްޕުޅުގައި އޮންނާތީ، ބާވައެވެ؟ ނޫނީއަދިވެސް އެބޭކަލުންނައި ފޯނުން ގުޅުއްވައިގެން ސިއްރުން، މަޝްވަރާ ހޯއްދަވަނީ ބާވައެވެ! މިވައްތަރުގެ މަޝްވަރާ މަޖިލީހުގެ މަޝްވަރާތައް ލިބިގެން ވަރުގަދަކަން ބޭރުފުށަށް ދައްކަވާތަން ދުނިޔެއިން މިހާރު، ފެންނަމުންދާ ބޮޑެތި ޢަރަބި ޒަޢީމުން، ކުރައްވަމުން ގެންދަވާކަހަލަކަމެއް، ދާދިފަހުން ދިވެހި ރާއްޖެއިންވެސް ފެނިގެން ހިގައްޖެއެވެ. ސަރުކާރުގެ ވުޒާރާތަކާއި އިސް މުއައްސަސާ ތަކުގައި، ދެވަނައަށް އެންމެ އިސްކޮށް ތިއްބަވާގޮތަށް، ވެރިމީހާގެ ދަރިންނާއި ތަމާގެމީހުންގެ ދަރިން، ނެރެދަށްކާފައި ބޭތިއްބުމަކީ، މިޒާތުގެ ވަރަށްމޮޅު ސިޔާސީ ޙީލަތެކެވެ. ކޮންމެ ނުފޫޒުގަދަ އޮފީހެއްގައި އަމިއްލަލެއިން އެނުފޫޒު ކޮންޓުރޯލު ކުރެވޭގޮތައް ހަމަޖެހިފައި އޮތުމަކީ، ދުރާލައި ރޭވޭވަރުގަދަ ރޭވުމެއްކަން ކަށަވަރެވެ. ރައްޔިތުންގެ އަމާޒު ވެރިމީހާއައި ދިމާއަށް ހުންނައިރު ވަށައިގެން އައްޑަނައެއްގެ ގޮތުގައި ޝާހީ ބޭފުޅުންތައް، ޤައުމީ ޚިދުމަތްތެރީންގެ ގޮތުގައި ދައްކާފައި ބޭތިއްބުމަކީ، މުޅިސިޔާސީ މައިދާނަށް ފިނިކަމެއް ގެނެސްދޭނެ ކަމެކެވެ. އަދި މިފަދަ ޝާހީބޭފުޅުން އިދިކޮޅު ޙަރަކާތުގައި ފުރިހަމަ މިނިވަން ކަމާއެކު ޙަރަކާތްތެރި ވުމަށް ނެރެދޫކޮށް ލެއްވުމަކީވެސް މިޒާތުގެ ޙީލަތްތެރި ރޭވުމެކެވެ. އާދެ! މިކަމަކީ، ދުރާލައި އަނެއްކާވެސް ރައީސް މައުމޫނުގެ ވިސްނުންފުޅު ދަތުރުކުރާލެއް ހަލުއިކަން ދައްކައިދޭ ޢަމަލެކެވެ. އަދި، ޤާނޫނީ ހައިސިއްޔަތެއް ނެތް، އިދިކޮޅުޕާޓީތައް ދަނީ، ދަށައްޖެހި ބަލިވަމުން ކަމުގެ ދަލީލެކެވެ. ވަރުގަދަ އިދިކޮޅު ޒަޢާމަތެއްގެ ތެރޭގައި މިހުރީ، ޚުދުމުޚްތާރު ވެރިޔަކަށް ކުރެއްވިގެން ވާނެ ކަންތަކެއް ނޫނެވެ. ދިވެހިންގެ އިޞްލާޙީ ޙަރަކާތުގެ އެންމެބަލިކަށި ފައެއްގެ ގޮތުގައި، މިހާތަނަށް ފާހަގަކުރެވިފައި މިއޮންނަނީ، ވަރުގަދަ އިދިކޮޅު ޒަޢާމަތެއް ނުފެންނަކަމެވެ. ރައްޔިތުންގެ ހިތުތެރޭގައި އެރޫޙު ދިރިދިރި އެބަހުއްޓެވެ. ޖޯޝާއިފޯރި، ހަމައެއް ތަންކޮޅުވެސް ކުޑައެއް ނުވެއެވެ. ދަށަކަށް ޖެހިއެއް ނުލައެވެ. ރައީސް މައުމޫނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ އެއްވެސް ފިޔަވަޅަކުން، އެރޫޙަށް، އަދި މޯޅިވުމެއް، ގުރުނޑުވުމެއް ނާދެއެވެ. ރަގަޅު ޒަޢާމަތެއް ނެތިވެސް، މިރޫޙު މިވިންދުގައި ހޫނުކޮށް އޮތުމަކީ، ވަރަށްރަނގަޅު ފާލެކެވެ. އިޞްލާޙީ ރޫޙުއާލާވެ ދިރިދިރިއޮތް ކަމުގެފުރިހަމަ ދަލީލެވެ. ފަހެ، ދެނެގަތުން މުހިއްމީ، މިހުރިހާކަމެއްގެ ޢަރަޤަކީ، ސިޔާސީ ޕާޓީތައް ޝާމިލުވާ، ފުރިހަމަ މަޝްވަރާ ކަމެވެ. އިސްލާމީ ޑިމޮކްރަސީއެއް ބިނާކުރެވޭނީ، އެންމެންގެ ފުރިހަމަ މަޝްވަރާ އިންނެވެ. އެބާރުން ބާރުލިބިގެންނެވެ. މަޝްވަރާ ނެތިއްޖެނަމަ، ހުރިހާކަމެއް ފާސިދުވީއެވެ. ޢަދުލުއިންސާފު ގެއްލި، ޤައުމުގެ މަޞްލަޙަތު ރޫޅުނީއެވެ. އެހިސާބުން ވެރިމީހާ ނަގާއެއްލައި ލުމަށްފަހު، އިޞްލާޙީ އާފެށުމަކުން، އަލުން ފަށަންވީއެވެ. ރައީސް މައުމޫނުގެ އިސްތިޢުފާއަށް ފުދޭވަރަކަށް، ގޮވިއްޖެކަމަށް ބަލާފައި، ދެން ޝިޢާރަކަށް ހަދަންވީ ވަގުނޫޓުޖެހި މުޖުރިމުން ހޯދާއި ހިފާހައްޔަރު ކޮށްދިނުމަށާއި، ޤާނޫނާއި ޤަވާޢިދައި ޚިލާފަށް ރައްޔިތުންގެ އެސެޓުތައް ކަމުގައިވާ ފަޅުރަށްތައް ޢުމުރަށް މިލްކުކޮށްގެންއުޅޭ މަހުޖަނުންގެ ފައިސާތައް ހިފާއްޓަވައި ދެއްވާއި ރައްޔިތުންނަށް ހަމަހަމަކޮށް ފައިދާއެޅޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އަޑުއުފުލައި ރައްޔިތުންގެ ގޮވާލުންތަކެއް ގޮވާލަން ފަށަންވެއްޖެއެވެ. ބޮޑެތިކޮރަޕްޝަން ތަކުގެ މުޖުރިމުން ހިފާއިހައްޔަރު ކޮށްދިނުމަށް ޤައުމީވަންތަ ސިފައިންނަށް ހަރުއަޑުން ގޮވާލަންވެއްޖެއެވެ. ރައްޔިތުންގެ އެއްއަޑަކަށް މިއަޑުހަދައި، މިކަންކޮށްދިނުމަށް ފުލުހުންނާއި ސިފައިންނަށް މަޖުބޫރު ކުރުވަންވީއެވެ. ވަޤުތު ފާއިތުވެއްޖެ ނަމަ، ތާއަބަދަށް ރައްޔިތުން ނިކަމެތިވީއެވެ. ރައްޔިތުންގެ ލޭބޮއިގެން މުއްސަނދި ވެފައިތިބި، ރައްޔިތުންގެ ޙަޤީޤީ މުޖުރިމުން، ބޮޑުއޮޅުވާ ލުމެއްގެ އަދުންއަޅައިގެން ޒީނަތްތެރިވެތިބެ، އަނެއްކާވެސް އެތައް ދުވަހަކަށް ރައްޔިތުންގެ ލީޑަރުންނަށް ވެގެން ހިނގައި ދާނެއެވެ. މަޝްވަރާގެ ބޭނުން ހިއްޕަވައި ރައްޔިތުންގެ ބާރުލިބިގަތުމުގެ ވަޤުތަކީ މިއެވެ. ވަރަށް މަދުންނޫނީ މަކަހަލަ ވަޤުތެއް އަވަހަކަށް، ތިލައެއް ނުވާނެނެއެވެ.

އާދެ! ފުރިހަމަ ގޮތުގައި، ޢިތުބާރުކުރެވޭ ފެންވަރުގެ ޣައިރު މުސްލިމުންގެ މަޝްވަރާ އިސްލާމީ ދައުލަތެއް ހިންގުމުގައި ބައެއްކަން ތަކުގައި ހޯދިދާނެކަމަށް އަޅުގަނޑު ދެކެމެވެ. އެހެނަސް ޒަމާނީ ޑިމޮކްރަސީތައް ޗާލާކު ކަންމަތީގައި، އިސްލާމުންނަށް ދަޅައެއްގޮތުގައި ދައްކަމުން ދާދުވަސް ވަރެއްގައި އަޅުގަނޑުމެން ތިބެންޖެހޭނީ، ވަރަށްހުޝިޔާރުވެ ރައްކާތެރިކަން މަތީގައެވެ. ފަހެ، ކަންމިހެންއޮތަސް، ޤުރުއާނާއި ސުންނަތުން ސާބިތުވާ ކަންކަމުގައި އެމީހުންގެ މަޝްވަރާ އެއްގޮތަކަށް ވެސް ހޯދުމެއްނެތެވެ. ޢަޤީދާގެ މައްސަލަތަކުގައި އެމީހުންގެ ލަފާހޯދުމަކީ، ހުއްދަކަމެއް ނޫނެވެ. އެމީހުން، މަޝްވަރާދޭ މީހުންގޮތުގައި ގެންގުޅުމާއި، ދައުލަތުގެ އިސްމަޤާމުތައް ދިނުމަކީ، ހުއްދަކަމެއް ނޫނެވެ. ސަބަބަކީ، އެމީހުންގެ ވަފާތެރިކަމާއި އަމާނާތްތެރި ކަމާމެދު، ޔަޤީންކަން ނޯންނާނެތީއެވެ. އެއީވަކި މިއްލަތެކެވެ. އިސްލާމްދީނާ ޚިލާފު ރޭވުންތަކެއް، އެމީހުންގެ ބިއްދޮށުގައި އަބަދުވެސް ރޭވިފައި އޮވެއެވެ. އަޅުގަނޑުމެން އިސްލާމުންގެ ދާޚިލީކަމެއްގައި ބިދޭސީ، ޣައިރު މުސްލިމުންގެ ޚިޔާލާއި ލަފާހޯދުމުގެ ބަދަލުގައި އެމީހުންގެ އެހީތެރިކަން ހޯދުން މާރަނގަޅު ވާނެއެވެ. ﷲ އަމުރުކުރައްވާފައި ވަނީ، ތިޔަބައިމީހުންގެ ދީނުގެބަޔަކު މެނުވީ، ތިޔަބައި މީހުންނާ، ކައިރިކޮށްގެން ގެންގުޅޭބައެއް ކަމުގައި ނުހަދާށެވެ. އެހެނީ އެބައިމީހުން، ތިޔަބައި މީހުންނަށް، ފަސާދައާއި ނުބައި ކަންތައް މެނުވީ، ނޭދޭނެއެވެ.

އޭ! އީމާންވީ މީސްތަކުންނޭވެ! ޔަހޫދީންނާއި ނަޞާރާއިންނަކީ، ތިޔަބައިމީހުންގެ އެހީތެރި، އެކުވެރިން ކަމުގައިބަލައި، އެގޮތުގައި އެމީހުންގެ ބޭނުންހިފައި ނޫޅޭށެވެ. އެބައިމީހުންގެ ތެރެއިން އެއްބަޔަކީ، އަނެއްބައެއްގެ އެހީތެރި، އެކުވެރީންނެވެ. 1968މ، ގައި ނެރުނު ޤާނޫނުލްޢުޤޫބާތަކީ، ހުވަދުއަތޮޅު ހަވަރުތިނަދޫ ފަތަޙަކުރެއްވުމަށް، އޭރުގެ ރައީސްއިބްރާހީމް ނާޞިރު، އޮނަރަބަލް އަޙްމަދުޒަކީ ލައްވައި އެކުލަވާލެއްވި ޢުޤޫބާތެކެވެ. އެޢުޤޫބާތުގެ ޤާއިމުމަޤާމަށް ގެނައުމަށް މިހާރުވަނީ، ފަރަންޖީއަކު ލައްވާ އާޤާނޫނުލް ޢުޤޫބާތެއް، އަޅުގަނޑުމެންގެ ކުޅަދާނަ ޒުވާން ފަލްސަފާވެރި ބޭފުޅެއް ކަމުގައިވާ މިހާރުގެ ބަންޑާރަނާއިބު ޑޮކްޓަރުޙަސަންސަޢީދު އިސްކޮށް ހުންނަވައިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައެވެ. މިމަސައްކަތަށް ހިތްވަރު ދެއްވާއި ފާރަވެރިއަކަށް ހުންނެވީ، ސީދާ ރައީސްމައުމޫނެވެ. މިއީ ހުޅަގުން ފަތުރަމުން ގެންދާ ޒަމާނީ ލިބަރަލް ޑިމޮކްރަސީ މިރާއްޖެއަށް ގެނެސްދެއްވާނެ ކަމުގެ ޔަޤީންކަން ހުޅަގުގެ ޤައުމުތަކަށާއި ޖަމާޢަތްތަކަށް އެރުވުމަށްޓަކައި ރައީސް މައުމޫނު ބޭނުންކުރުއްވާ ޙިކުމަތެކެވެ. އޭރުން އެފަރާތްތަކުން ރައީސް މައުމޫނުގެ އިޞްލާޙީ އެޖެންޑާއަށް ހިތްވަރުދީ، ތާއީދުކޮށް ރުހިގެންމަޑުން ހިމޭންކޮށް ތިބޭނެކަން ޔަޤީންވާތީއެވެ. އަދި މިފަދަ ހުޅަގުގެ ކުލަޖެހިފައިވާ އިޞްލާޙެއް މުސްލިމު ދިވެހިރާއްޖެއަށް ގެނެސްދެއްވަން ވެރިކަމުގެ ފަރާތުން އުޅުއްވާތީ، ސަރުކާރަށް ފުރިހަމަ ތާއީދު ދިނުމާއެކު، އިދިކޮޅުފަރާތް ތަކަށް ހިމޭނުންތިބުމަށް އެފަރާތްތަކުން އެދެމުން ދާނެތީއެވެ. ޙަޤީޤަތުގައި މިކަން ވެގެން މިދަނީވެސް ސީދާއެހެންނެވެ. ރައްޔިތުންގެ މަޖިލީހަށް ޑޮކްޓަރުޙަސަން ލައްވާ މާސިންގާކޮށް ފަރަންޖީ ކުލަޖެހިފައިވާ މިޤާނޫނުލް ޢުޤޫބާތު ހުށައެޅުއްވުމަށް ފަހު، އެއަށް އެންމެބޮޑަށް ފާޑުވިދާޅުވި މީހުންނަށްވީ، ރައީސްމައުމޫނުގެ އެންމެ އަރިސްބޭކަލުން ގޮތުގައި ތިއްބަވާ މެމްބަރުންނެވެ. ރައީސްފަރާތްޕުޅުން ޤާނޫނުހަދާ މަޖިލީހަށް ވަޑައިގަންނަވާ ޑޮކްޓަރު ޝަރީފާއި އަލްފާޟިލް ޢައްބާސް އިބްރާހީމްގެ ފާޑުވިދާޅުވުމަކީ، ސީދާރައީސްގެ ފަރާތްޕުޅުން ވިދާލުވެލެއްވި ފާޑުކިޔުއްވުމެއް ކަމުގައި ނޫނީނުވާނެ ކަންކަށަވަރެވެ. އެހެން އެންމެހާ ބޭފުޅުން ތިއްބެވީ، ވީހާއަވަހަށް އަލަށްގެނެވޭ ގާނޫނުލްޢުޤޫބާތު ލިބިގަންނަން ލަސްވެފައެވެ. އެހެނަސް މިހާރުވަނީ، އިސްލާމީ އަސްލުތަކާ ޚިލާފު އެއްޗަކަށް ވެގެން ކޮމެޓީއަކަށް ގެންދެވިފައެވެ. މިއީ ޑޮކްޓަރުޙަސަން ފުންކޮށް ދެނެގަންނަންޖެހޭ ވަރަށްމުހިންމު ނުކުތާއެކެވެ. ހަސަން ލައްވާ މިކަންފޯރީގައި ކުރުވާފައި ބަޔަކުލައްވާ ދެކޮޅުހެއްދުވީ ވެސް ޚުދުރައީސް މައުމޫނެވެ. އާދެ! މިއީ ރައީސްމައުމޫނު ކުޅުއްވާމޮޅެތި ކުޅުއްވުންތަކެވެ. ވިހިވިއްސަށް އަމިއްލަ ޝަޚްޞީ ވެރިކަން ދެންމެވުމަށް ގެންގުޅުއްވާ މޮޅެތި، ލަސްކުރެއްވުމުގެ އުކުޅުތަކެވެ.

ދެންފަހެ ދަންނާށެވެ! އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މުސްލިމުންގެ ތެރޭގައި ދިރިއުޅޭ، ޣައިރު މުސްލިމުންނަކީ، ތެދުވެރިބައެއްކަން ޔަޤީންކުރެވޭނަމަ، އެމީހުންގެ މަޝްވަރާއާއި އެހީތެރިކަން، ޢާއްމުކަންކަމުގައި ހޯދިދާނެކަމަށް، ޢިލްމުވެރިން ބަޔާންކުރައްވައެވެ. އަންދަލުސް ފަތަޙަވެގެން ދިޔައީވެސް ޣައިރުމުސްލިމުންގެ އެހީތެރިކަން، މުސްލިމުންނަށް ލިބިގެންނެވެ. މިހުރިހާކަމަކުން ވެސް ދޭހަވާއެއްޗަކީ، ދައުލަތްހިންގުމަށް މަޝްވަރާ ކުރުމާއި ލިބިގަތުމުގައި ހުރިމުހިންމު ކަމެވެ. އާދެ! މަޝްވަރާއާނުލައި ނުކުރެވޭނެ އެތައްކަމެއް ހުންނާނެ ކަމެވެ. އަދި މަޝްވަރާ ނެތިއްޖެނަމަ، މުޅިދައުލަތުގެ ނިޒާމު އޮޅުންބޮޅުންވެ، ރޫޅިދާނެކަމެވެ. ވެރިކަމުގެ ނިޒާމެއް އެކަށަހަޅައި ބިނާކުރުމުގައި މަޝްވަރާއަކީ، އެންމެ މުހިއްމުއެއް އަސާސެވެ. އެއީ ވެރިކަމުގެ މުޅިޢިމާރާތުގެ ބިންގަލެވެ. ތެދުތެދަށް ދަންނަވަނީނަމަ، ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހު، ރައްޔިތުންގެ ވެރިކަމުގައި، ބޭނުންކުރަންވި ވަކިވައްތަރެއްގެ ނަމެއް، އަދި މުސްލިމުން އެމީހުންގެ ވެރިކަންކުރުމުގައި ގެންގުޅެންވި ވަކިނިޒާމެއްގެ ނަމެއް، ޤުރްއާނާއި ސުންނަތުގައި، ކަނޑައަޅުއްވައި އަންގަވާފައެއް ނުވެއެވެ. އެހެނަސް އިސްލާމީ ވެރިކަމެއްގައި އޮންނަންވި، ވެރިކަމުގެ ނިޒާމަށް ޚާއްޞަކޮށްދޭ އާޔަތްތަކުގައި، ﷲއާއި ﷲގެ ރަސޫލާއަށް، ކިޔަމަން ވުމަށްފަހު، “ވަ އުލިލްއަމްރި މިންކުމް” އާދެ! އަޅުގަނޑު މެންގެ ތެރެއިން، ވެރިޔަކަށް ހުންނަމީހަކަށް، ކިޔަމަންވުމަށް އަންގަވާފައި އޮތުމުން ފާޅުގައި ދޭހަވާއެއްޗަކީ، އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައްޗަށް، އަޅުގަނޑު މެންރުހޭ، ހިތްހަމަޖެހޭ، އަދި ދީނަށް ލޯބިކުރާ ވެރިޔަކު، އިންތިޚާބުކޮށް، ޚިޔާރުކުރުންއޮތީ މިނިވަންކަމާއެކު، ދޫކޮށް ލައްވާފައި ކަމެވެ. މަޝްވަރާގެ މަތިން އެކަން ކުރެވުނީމާ ނިމުނީއެވެ. އިސްލާމް ދީނުގައިވަރަށް، ފުރިހަމައަށް އެބާރުވަނީ، ރައްޔިތުންނަށް ނުލާހިކު މިނިވަންކަމާ އެކު ލިބިދީފައެވެ. އާދެ! ވެރިމީހާއަށް، ކިޔަމަންވުންއޮތީ އޭނާ އިސްލާމް ދީނަށް، ޢަމަލުކޮށް ދީނައި އެއްގޮތަށްއަމުރު ކުރައްވާހާ، ހިނދަކުއެވެ. ވެރިމީހާ ދީނައި ދެކޮޅަށް ކުރާއަމުރު ތަކަށް ކިޔަމަންވުމެއް ނެތެވެ. ފަހެ، އިސްލާމީ ޑިމޮކްރަސީއަކީ، މިއެވެ. ލިބަރަލް ޒަމާނީ ޑިމޮކްރަސީ އެއްގެވާހަކަ ދެކެވޭދުވަސް ވަރެއްގައި، މިވާހަކަތައް ފާހަގަކޮށްް ދީނާއެއްގޮތަށް މަޝްވަރާ ކުރެވިގެން، އުފެއްދޭ އިސްލާމީ ޑިމޮކްރަސީ އެއްގެ، ވަރުގަދަ ބިނާއެއް ޤައިމުކުރަން ޖެހެނީ، މިސަބަބު ތަކާހެދިއެވެ. މަޝްވަރާއެއް ނެތިއަޅާ ފިޔަވަޅުތަކުން ފޫނުބެދޭ އެތައްކަމެއް ފަހުންއެބަ ކުރަންޖެހެއެވެ. ރާއްޖޭގައި އަސާސީހެދުމަށް އެއްކުރެވިފައިވާ، ބޮޑުމަޖިލީހަށް މިކަހަލަ އެތައް މައްސަލަތަކެއް ވަނީ، ދިމާވެފައެވެ. މެމްބަރުންނަށް އޮންނަ ފަހުބަސް ބުނުމުގެ ބާރުނިގުޅައިގަނެ ރިޔާސަތަށް ފެންނަހާ ގޮތަކަށް ޢަމަލުކޮށް، ޤާނޫނު އަސާސީ މާނަކޮށްގެން ނިންމާފައިވާ ބައެއްކަންތަކަކީ، ދެކޮޅުނުޖެހޭ ކަންތައްކަމުގައި މިހާރުފާހަގަ ކުރެވި މަޖިލިސްވަނީ ޗޭނުގަނޑުލީ ބޮޑުތަޅު އެޅުވޭހިސާބަށް ގޮސްފައެވެ. އެއްއިރެއްގައި މާނައޮންނަ ގޮތަށް އަނެއްއިރެއްގައި އެމާނައެއް ނޯވެއެވެ. 2004މ. ގައި މާނަކުރި، 133 ވަނަ މާއްދާގެމާނަ ބައެއް މެންބަރުންނަށް، 2007މ. ގައި މިހާރު، މާނަކުރެއްވެނީ މުޅިން އެހެންގޮތަކަށެވެ. ދިވެހި ދިދަބޭނުންކޮށް ލައްވަން ލިބިވަޑައި ގެންނެވުމުންވާ ގޮތެކެވެ. އިށީންނާނެ ބޮޑުގޮނޑިއެއް ލިބެންޏާމު ކޮންމެގޮތެއްވެސް ބަރާބަރެވެ. އެއްއިރެއްގައި ރައީސް މައުމޫނުހާ ގޯސްބޭފުޅެއް ނެތެވެ. އަނެއްއިރެއްގައި އޭނަހާ ބޮޑު މުޞްލިޙެއް ނެތެވެ. ޙަޤީޤަތުގައި މިއީގަބުޅި ވިސްނުމާއި ކުރެފި ވިސްނުމުގެ އަހުލުވެރިންގެ ޢަމަލުތައް ހުންނަގޮތެވެ. މިހާރު ދައްކާ ހުވަފެނަކީ، ހަތަރުމަސް ދުވަހުތެރޭގައި އަސާސީހަދައި ނިންމައިދޭނެ ކަމުގެ ހުވަފެންތަކެވެ. މަޖިލީހުގެ، 113 މެމްބަރުންގެ ތެރެއިން ދުވަހުގެ ޖަލްސާގައި އަސާސީއާ ޚިލާފަށް ވޯޓުނެގުނު އިރުތިއްބެވި، 80 ބޭފުޅުންގެ ތެރެއިން، 72 ވޯޓުގެ އަޣުލަބިއްޔަތު ހޯއްދެވުމުން މިކަމުގެޔަޤީންކަން އިތުރަށް ރައީސްމައުމޫނަށް ދައްކުވައި ދެވުނީއެވެ. މަހުޖަނުން ސިޔާސީމައިދާނަށް ނެރުއްވުމުން، މިކަހަލަ އެތައްދަޅައެއް ދެއްކިދާނެއެވެ. އަމިއްލަނަފުސައް އަމިއްލައަށް ވޯޓުދީގެން މިކަހަލަ އަޣްލަބިއްޔަތުތައް ހޯދިދާނެއެވެ. ވެރިމީހާއަށް ތިމާގެބާރު ފައިސާގެ ހިޔަނިން ދެއްކިދާނެއެވެ. ހިތުން ވެރިމީހާ އުފާކުރެވިދާނެއެވެ. އަދި މިމެޖޯރިޓީއަށް ވަޤުތީހިނިތުން ވުމަކާއި ހިތްހަމަޖެހިލުމެއް ގެނެވިދާނެއެވެ.

އޭ! ރައީސް މައުމޫނެވެ! ތަންކޮޅެއް ދުރަށްވިސްނަވާށެވެ! ވެރިކަމަކީ ދާއިމީ އެއްޗަކަށް ނުހެއްދެވުމަށް އަޅުގަނޑު ގޮވާލާއި ހަދާންކޮށްދެމެވެ. ބޮޑުމަޖިލީހުގެ ރައީސަކު ހޮވުމުގެ ތާރީޚީ މިވޯޓުގައި އަޅުގަނޑުގެ ފަރާތުން، ބައިވެރިވީ، އަޅުގަނޑުގެ ދެފައިގައިހުރި ބޫޓުޖޯޑެވެ. މޭޒުމަތީގައި ބޫޓުޖޯޑު ބަހައްޓާފައި ޖަލްސާދޫކޮށް ބޭރަށް ނުކުންނަން އަޅުގަނޑުގެ ޟަމީރު އަޅުގަނޑަށް މަޖުބޫރުކުރީ މިދެންނެވި ސަބަބުތަކާ ހެދިއެވެ. އަސާސީއާ ޚިލާފަށް ކުރާކަމަކަށް އިހުތިޖާޖު ކުރުމަށެވެ. ދެކޮޅުހެދުމުގެ ގޮތުންނެވެ. މިއީ އީމާން ކަމުގެތެރެއިން ކޮންމެވެސް މިންވަރެކެވެ. ހަމަ ކަށަވަރުން ޢަމަލުތަކުގެ ހެޔޮކަންލިބުން އޮތީނިޔަތުގެ މައްޗަށެވެ. އާދެ! ބައެއްމިނިސްޓްރީ ތަކުންވެސް މިކަހަލަ ދޯދިޔާ، ހަމަނުޖެހޭ އެތައްކަމެއް ކުރެއެވެ. ދާދިފަހުން އެންމެ ހިންގުންތެރި ކަމަށް އަރާހުންނެވި، އަދި ރައީސް މައުމޫނަށް ޖާދުލެއްފަދަ މަގުޗާޓެއް ފަރުމާކޮށް ދެއްވި، އެންމެ ޒުވާން ވަޒީރުކަމުގައިވާ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސްގެ މިނިސްޓަރު އޮނަރަބްލް މުޙައްމަދު ނަޝީދު ވެސް، އާދަކާދައާއި ޤަވާޢިދުތަކާ ފުށޫއަރާ، އެކަހަލަ ހެއްވާކަމެއް ކުރައްވައިފިއެވެ. މިޝާއްބަ ވަޒީރަކީ، ސަތޭކަ ދުވަހުގެ ތެރޭގައި އޮފުދާރު ޒަމާނީ ރިފޯމެއް ގެނެސް ދެއްވާނެކަމުގެ ވަޢުދު ވެވަޑައިގެންނެވި މުޞްލިޙެކެވެ. އާދެ! އެމިނިސްޓްރީން، 4 ސެޕްޓެންބަރު 1997މ، މިތާރީޚުގައި ނެރެފައިވާ ނަންބަރު: 30/97/ޑީ- ސީއޭއައިއެމް، އިޢުލާނު ބާޠިލުކޮށް، އެއިޢުލާނުން ބާޠިލުކުރެވުނު ކަންތަކަކީ، އޭރުގެޙާލަތާއި ވެއްޓަށް ވިސްނައި ކޮށްފައިވާ ކަމެއްކަމަށް ވިދާޅުވެ، މިއަދުރާއްޖޭގެ ޤާނޫނީ ފިކުރާއި، އިޖުތިމާޢީ ފިކުރާއި، ސިޔާސީ ފިކުރުގެ މައްޗަށް ބިނާކޮށް، ކުރިން ބާޠިލުކުރެއްވި ކަންތައް ހުއްދަ ކުރައްވާފައެވެ. މިއީ، މއ.އެވަރގްލޯރީ އަލްމުފައްކިރު ޢަބްދުލްޙަކީމް ޙުސައިން މަނިކު (އެމަރުޙޫމަށް، ﷲ ސުވަރުގެ ދެއްވާށި! އާމީން!) ލިޔުއްވި “އިއްޔެ” މަޖައްލާ ހުއްދަކުރެއްވި ކުރުމެވެ. މިއީ ޤާނޫނީ އަސާސެއް އޮތަސް، ސަރުކާރުގެ އިދާރާތަކުން ކުރާކަހަލަ ކަންތަކެއްނޫނެވެ. ޢަމުދުން ނަޝީދުފަދަ މުޞްލިޙެއްގެ ޝަޚުޞިއްޔަތާ ގުޅޭފަދަ ޢަމަލެއްނޫނެވެ. ވަކިފަރާތެއްގެ މަޞްލަޙަތަށް، މިގޮތަށް ކަންކުރަން ވެއްޖެނަމަ، މިހާރުގެ ވެއްޓާއި ޙާލަތަށް ބަލާފައި ކޮށްދެއްވަން ޖެހެނީ، “އިއްޔެ” މަޖައްލާ ހުއްދަކޮށް ދެއްވުން އެކަންޏެއް ނޫނެވެ. ދެކޮޅުނުޖެހޭ ގޮތަށް، ސަރުކާރުން ކުރިންކޮށް ފައިހުރި ބައިވަރު ކަންތައް އެބަހުއްޓެވެ. އެހުރިހާކަމަކަށް އިޢުލާނު ނެރެދެއްވައި ހުއްދަ ކުރައްވަންވީ ނޫންތޯއެވެ. ކުރީގެ ރައީސް ނާޞިރާމެދު، މިނިސްޓްރީ ތަކުންނާއި ސަރުކާރުން އެޅުއްވި ނޭއްގާނީ ފިޔަވަޅުތަކަށް މަޢާފަށް އެދެން ވީނޫންތޯއެވެ. އަޅުގަނޑަށް މިސަރުކާރުން ދެއްކި އަނިޔާގެ ބަދަލު ދެއްވަންވީ ނޫންތޯއެވެ. މިދެންނެވި އިޢުލާނު ސަރުކާރުން ނެރުއްވި ދުވަހު އަޅުގަނޑު އެމިނިސްޓްރީ އާގުޅާފައި މިވާހަކަތައް އެތާގެ އިސް މުވައްޒަފެއް ކަމުގައިވާ ލިޠުފީއޭ ކިޔުނު، ސީނިޔަރ ބޭފުޅަކައި ދެއްކުމުން، އެބޭފުޅާގެ ޢަމަލުތައް ހުރިގޮތަކީ، “އިއްޔެ” މިފޮތް ޗާޕުކުރެއްވި ނޮވެލްޓީ އަލްފާޟިލް ޢަލީޙުސައިނަށް، މިވާހަކަތައް އަކުރުން އަކުރަށް ކިޔައި ދެއްވައި، ކުޅުއްވި ނުލަފާދައުރަކީ، މިފޮތްޗާޕުކުރެއްވި ފަރާތާއި އަޅުގަނޑާ ދެމެދުދޭތެރެ ޖެއްސުމެވެ. ސަރުކާރުން މިއިޢުލާނު ނެރުއްވިޔަސް، އަދި ނުނެރުއްވިޔަސް “އިއްޔެ” މިފޮތަކީ، މިޤައުމުގައި ޝާއިޢު ކުރެވިގެން ގެންގުޅޭނެ ފޮތެއްކަން ކަށަވަރެވެ. އަޅުގަނޑުގެ މައްސަލައަކީ، ވަކިމަޞްލަޙަތަކަށް ސަރުކާރުން މިކަހަލަ ދޯދިޔާ ކަންތައް ކުރައްވާތީއެވެ. އަދި ކަންތައް އިޞްލާޙުކުރެއްވުމުގެ ނަންބޯޑުގައި، މިއީ ސަރުކާރުން ކުޅުއްވުން ރަނގަޅު ރޯލެއްތޯއެވެ. ޒަމާނީ ރިފޯމުގެ ބައްޕައެއްގެ ލަޤަބުލިބިގެން ހުރެ ތިޔަކުރެއްވޭ ކަމަކީ، ނޭނގިހުންނަވައި ގެން، އުނބަށް ޖެހުމެވެ. މަނިކުފާނެވެ! ސާބަސްފުޅެވެ! ޒުވާން ވަޒީރަށް ވެސް ސާބަސްފުޅެވެ!

ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފަހު، ހިނގާދިޔަ އިސްލާމީ ވެރިކަމުގައި، ރައްޔިތުންގެ ސަރުކާރުތައް ހިންގާފައިވަނީ، މަޝްވަރާ ކުރުމުގެ މަތިވެރި ހަމަތަކާއި އުޞޫލުތަކުގެ ނިޒާމެއްގެ ދަށުންނެވެ. ވެރިކަމުގެ ބާރުތައް ވެސް އޮތީބެހިފައެވެ. ޚުދު ﷲގެ ރަސޫލާ، ޞައްލަﷲ ޢަލައިހިވަސައްލަމަ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި، އެމަޝްވަރާތަކަށް، ޢަމަލު ކުރައްވާފައި ވެއެވެ. ފަނޑިޔާރުންގެ ގޮތުގައި، ޢައްޔަން ކުރެވޭ ބޭފުޅުންނަށް ފުރިހަމަ އިޚްތިޔާރު އޮވެއެވެ. އެކިރަށްތަކަށް ފޮނުވުނު، އަމީރުންނާއި، ވެރިންނަށް ހިންގުމުގެ ފުރިހަމަ އިޚްތިޔާރު މިނިވަން ކަމާއެކު އެކުއޮތެވެ. އަދި އެންމެހައި މަޝްވަރާތައް ކުރައްވާފައި ވަނީ، އިދިކޮޅު ޚިޔާލުތަކަށް ފުރިހަމައަށް ޖާގަދެވިގެންނެވެ. އިޙްތިރާމްކުރެވި، އިޙްތިރާމް ލިބިގެންނެވެ. އެންމެންގެ ރުހުން އޮވެގެންނެވެ. އެއްވެސް ހުރަހެއް އަދި ދެކޮޅުވެރިކަމެއް ނެތިއެވެ. އިދިކޮޅު ތަފާތު ޚިޔާލުތައް މުޖްތަމަޢުގައި ހުރުމަކީ، ގިނަބައެއްގެ އިދިކޮޅު ޚިޔާލުތައް ފާާޅުކުރެވި، ތަފާތު ޖަމާޢަތްތަކުގެ ވިސްނުން އެކުވެގެން ވަރުގަދަބާރެއްގެ ސިފައިގާ، ނުކުތުމެވެ. ފަހެ، އެއިންކުރާނީ ފައިދާއެވެ. އާދެ! އިދިކޮޅު ޚިޔާލުތައް ތަފާތު ވިސްނުން ތަކަށް ބެހިގެންދާ ހިސާބުން، އިދިކޮޅު ޕާޓީތައް އުފެދުނީއެވެ. ވުޖޫދަށް ގެނެވުނީއެވެ. އަދި އެޕާޓީތަކަށް އިޙްތިރާމްކުރުން، ޙައްޤުވީއެވެ. ކޮންމެހެން ލިޔެވޭބޮޑެތި ޤާނޫނުތަކެއް ހުންނާކަށް ނުޖެހެއެވެ. އަސާސީން ސިޔާސީޕާޓީ އުފެއްދުމުގެ ޙައްޤު ލިބިދީފައި މުސްތަޤިއްލު ޢަދުލް އިންޞާފެއް ޤައިމުވެފައި އޮތުމުން ފުދުނީއެވެ.

އިދިކޮޅުޚިޔާލު:

އިދިކޮޅުހެދުމާއި އިދިކޮޅު ޚިޔާލުފާޅު ކުރުމަކީ، ދުނިޔޭގައި އެންމެ ޤަދީމީ އިރުއްސުރެ ވެސް އޮތްކަމެކެވެ. ތާރީޚީގޮތުން ޚިޔާލުފާޅު ކުރުމުގެ ފެށުން އައިސްފައި ވަނީ، އިންސާނުން ދުނިޔެއަށް ފޮނުއްވިއިރު، އެމީހުންގެ ވިސްނުން ތަފާތުކޮށް ސިކުނޑީގައި ލައްވުމަށް ފަހު ޚަލްޤުކުރައްވައި، އުފެއްދެވި ހިސާބުންނެވެ. މުޅި އިންސާނިއްޔަތުގެ ބައްޕަކަމުގައިވާ އާދަމްގެފާނާއި އާދަމްގެފާނުގެ، ދެދަރިކަލުންގެ މެދުގައި ވެސް، އިދިކޮޅު ޚިޔާލުއޮތެވެ. ދެބަސްވުމާއި ޚިޔާލު ތަފާތުވުން، ޙިކްމަތެއްގެ ގޮތުގައި އޮތެވެ. އެއީ ޖަޒްބާތީ ރޫޙެކެވެ. ހަމައެކަނި ތަފާތަކީ، މިޒަމާނުގެ ތަހުޒީބީ، ޑިމޮކްރަސީ ސިޔާސަތެއްގެ އަޑުއުފުލޭ ދުވަސް ވަރެއްގައި މާނަކުރެވޭ ގޮތަށް، މާނަނުކުރެވި އޮތްކަމެވެ. އިންސާނިއްޔަތުގެ ފެށުމާއެކު، އިދިކޮޅު ސިޔާސީ ޖަމާޢަތްތަކާއި ޕާޓީތައްވަނީ ވުޖޫދަށް އައިސްފައެވެ. ޙަރަކާތްތެރި ވާންފަށާފައެވެ. ރާއްޖޭގައި މިހާތަނަށް ހިނގިހުރިހާ ވެރިކަމެއްގައި ވެސް އިދިކޮޅު ޚިޔާލުއޮތެވެ. އިދިކޮޅު ޕާޓީތައް އޮތެވެ. އެހެނަސް ނުރަސްމީ ކޮށެވެ. ޒަމާނައި އެއްގޮތަށް، އަންނަމުން ދިޔަބަދަލު ތަކާއެކު، މިހާރުމާނަ ކުރެވޭގޮތަށް މާނަކުރެވެންފެށީ، ޕާލަމެންޓްރީ އިންތިޚާބީ ދުސްތޫރުތައް ދުނިޔޭގައި ފަރުމާކުރެވެން ފެށުމާއެކުގައެވެ. އިޖުމާޢުއާއި އަޣްލަބިއްޔަތުގެ މައްޗަށް ބުރަވެ ކަންތައްތައް ނިންމަން ފެށުމުގެ އަސްލެއްކަމުގައި ބެލެވެންފެށީ، އެންމެންގެ ރުހުންލިބޭ ގޮތަކީ، އެންމެ ފަހުގެޙުކުމް ކަމަށް ބެލެވިގެންނެވެ. އެންމެފަހު ބަހަކީ، އެއީކަމަށް ބެލެވިގެންނެވެ. ޝަރުޢު ކުރާތަނަކީ، ޤާނޫނުހަދާ މަޖިލިސް ކަމުގައި ބެލެވިގެންނެވެ. ޝަރުޢުކުރާ މީހުނަނަކީ، އެގޭގެ ޢިއްޒަތްތެރި މެމްބަރުން ކަމުގައި ކަނޑައެޅިގެންނެވެ. އެހެނަސް މިއީ، ކަނޑައެޅިގެން ގޯހެކެވެ. ނުބައިބިނާއެކެވެ. ދީންހުއްދަކުރާ ކަމެއްނޫނެވެ. މަގުފުރެދުމަކެވެ.

ފަހެ، ދަންނާށެވެ! ޝަރުޢުކުރެއްވުމުގެ ބާރުވެރިފަރާތަކީ، ހަމައެކަނި، ﷲއެވެ. މިފަދަ ވިސްނުމަކީ، އިލާހީ ޝަރީޢަތައި ދުރައްޖެއްސުމަށް، އުފައްދައި ރޭވުނުނުބައި ރޭވުމެކެވެ. އިސްލާމް ދީނުގައިއޮންނަ ރޫޙާނިއްޔަތުން ދުރައްޖެއްސުމުގެ ބޭނުމުގައި ބަޔަކުދުރާލައި ރާވައިގެން ކުރިކަމެކެވެ. އަދި މިހާރުވެސް ބޮޑުރޭވުމެއްގެ ދަށުން ބުރަމަސައްކަތާ އެކު، ކުރަމުންގެންދާ ކަމެކެވެ. ޙައްޤުގޮތް ފަނޑުކޮށްލުމުގެ ބޭނުމުގައެވެ. މިރާއްޖޭގައި ވެސްއަލަށްހަދާ ޤާނޫނުލް ޢުޤޫބާތުގައި މިފާޑުގެ ޚިޔާލުތައް ވަނީ، ހިމަނާފައެވެ. އިސްލާމްދީނުގައި އޮންނަ ލުއިފަސޭހަކަމާއި ސަމާޙަތަކީ، ދީނުގެ އަޞްލަށް ބަދަލުގެނައުމެއް ނޫނެވެ. ދީންޤަބޫލު ކުރުމަކީ، ބާއްވާލެއްވި ގޮތަށް، ހިތުގެ އަޑިންޤަބޫލު ކުރުމެވެ. ޒިނޭކުރުމަކީ، ޖިމާޢުމުން ކަމުގައި ހެދޭނެ އެއްވެސް ޝަރުޢީ އަޞްލެއް ނުވެއެވެ. އިސްލާމް ދީނަކީ ބަންނަރަބަރަށް ދެމިވަރަކަށް ދެމޭހެން، ފުލެކްސިބަލް ކުރެވޭގޮތަށް އޮތްދީނެއް ނޫނެވެ. މިގޮތަށް މާނަކުރުމަކީ، ދީނާ ޢަދާވާތްތެރި ބައެއްގެ ބޮޑުއޮޅުވާ ލުމެކެވެ. ޒުވާން އިސްލާމީ ޖީލުތަކުގެ ހިތްތައް ދޮވެލުމަށް ފާޅުގައި ކުރަމުން ގެންދާބުރަ މަސައްކަތެކެވެ. ޣާއިބަށް އީމާންވުމާއި ރޫޙާނިއްޔަތު ނެތިކޮށްލުމަށް ކުރާބުރަ މަސައްކަތެވެ. ޙައްޤުދީނެއް އޮތުމަކީ، ހިތުގެއަޑިން ޤަބޫލުކޮށް، ޙައްޤަށް ނަޞްރު ދިނުމެވެ. އާދެ! ދެކެދެނެތިބެ ދަންނާށެވެ! އަބަދުވެސް އިދިކޮޅު ޚިޔާލުގެ މީހުންނަކީ، ޙައްޤުވެގެންވާ ފުރިހަމަ ގޮތްތައް، ލިބިގަތުމަށް ގޮވާލާމަދު މީސްކޮޅެވެ. ޖަމާޢަތެކެވެ. މިއީ ޙިޒްބުﷲ އެވެ. ﷲގެ ލޮބުވެތި ޕާޓީއެވެ. އަނެއްބަޔަކީ، ޝައިޠޯނާގެ މަގުފުރެދިގެންވާ ޕާޓީއެވެ. ޙިޒްބުއް ޝައިޠޯނެވެ.

އާދެ! އިދިކޮޅު ޚިޔާލަކީ، އިދިކޮޅުޕާޓީއެވެ. އިދިކޮޅު ޕާޓީއަކީ، ގިނަބައެއްގެ މަޝްވަރާތައް އެކުލެވިގެން ނުކުންނަ ހެޔޮވިސް ނުމެއްގެ ދަށުން، އުފެދޭ ފިކުރުތަކުގެ ބާރެވެ. އަސްލެއްގެ މައްޗަށް ބިނާކޮށް، އެއްވިސްނުމެއްގެ އަޑުއުފުލުމަށް އެއްވާޖަމާޢަތެވެ. އެއްދިދައެއްގެ ދަށުގައި ތަފާތުވިސްނުމާއި ފިކުރުގެންގުޅޭ ޕާޓީތައް އެކުވެގެން އެއްއިދާރީ އޮނިގަނޑެއްގެ ދަށުން ހިންގާވެރިކަމަކީ، އެއްޕާޓީއަށްވުރެ ގިނަޕާޓީ އެކުލެވޭ ޖުމްހޫރީ ނިޒާމެވެ. އިސްލާމް ދީނުގައި މިހުރިހާ ދޮރެއްހުރީ ހުޅުވިފައެވެ. އެއީ ހުރިހާ އިރަކަށާއި ހުރިހާ ޒަމާނަކަށް، ބާއްވާލެއްވުނު އެންމެފުރިހަމަ ދީނެވެ. ފެޑެރަލް ދައުލަތެއްގެ ވާހަކައާއި ޔުނިޓަރީ ދައުލަތެއްގެ ވާހަކަ މިދެކެވެނީ ދީނައިދުރަށް ޖެއްސުމަށެވެ. މިތިޔަރީތައް އެކަށައެޅި ފަރުމާކުރެވުނީ، ކީރިތިޤުރުއާނާއި އިލާހީޝަރީޢަތާއި ދުރައްޖެއްސު މަށެވެ. މިތިޔަރީތަކުގެ ބޭނުމަކީ، އިސްލާމީދައުލަތޭ ކިޔުނަ ނުދިނުމެވެ. ދީނާއި މިސްކިޔްތަކާއި ދައުލަތް ހިންގުން ވަކިކުރުމަށެވެ. އެންމެ ހެއްވާކަމަކީ، މިތިޔަރީތަކާ އެއްގޮތަށް އަސާސީތައްލިޔެ ދުސްތޫރު ކަނޑައަޅައި ހެދުމަށްފަހު، ޢަމަލު ނުކުރެވޭތީއެވެ. އެއަތޮޅަކަށް ލިބޭއާމްދަނީގެ ފައިދާ އެއަތޮޅަކަށް ޚަރަދުކުރެވިގެން ދާނަމަ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މާރީތިކޮށް އުފުލިގެންދާނެއެވެ. މިހާރު އަޅުގަނޑުމެން މިތިބީ އަލަށް ހެދެމުންދާ، މިފަހަރުގެ އަސާސީގައި ވެސް ޔުނިޓަރީ ދައުލަތެއް ބޭއްވުމަށް ފާސްކޮށްގެންނެވެ. ޢަމަލު ނުކުރެވޭ ހާގޮތްގޮތަށް ކޮންގާނޫނުތަކެއް ހަދާކަށް ތޯއެވެ! ﷲ ބާއްވާލައްވާފައި އޮތްސީދާމަގަށް، ޢަމަލު ކުރެވޭތޯބަލަން ވެއްޖެއެވެ. ދަންނަމީހުން ކުރެން ދަސްކުރަން ވެއްޖެއެވެ. ފަހެ، ދެކެދެނެތިބެ ދަންނާށެވެ! ﷲވަނީ، އަޅުގަނޑު މެންގެމައްޗަށް ދީން، ފުރިހަމަކޮށް ދެއްވާފައެވެ. އަދި، ﷲގެ ނިޢުމަތްތައް ފުރިހަމަކޮށް ދެއްވާފައެވެ. އަދި އިސްލާމްދީނަކީ، އަޅުގަނޑުމެންނަށް، ﷲ ރުހިވޮޑިގެންފައިވާ ދީންކަމުގައި ޤުރުއާނުގައި ވަނީ، ވަރަށް ޞަރީޙަކޮށް އަންގަވާފައެވެ. އެއަށް އިތުރު މީހެއްގެ ނުވަތަ އިތުރުބައެއްގެ ޚިޔާލެއް، ވިސްނުމެއް، ފިކުރެއް ބޭނުމެއް ނުވެއެވެ. އެއީބަދަލު ގެނެވޭނެ ދީނެއްނޫނެވެ. އެއީ ފުރިހަމަދީނެވެ. ﷲ ޝަރުޢު ކުރައްވާ ފައިވާ ދީނެވެ. ޤާނޫނު ހަދާމަޖިލިސް ތަކަކީ، ޝަރުޢު ކުރެވޭނެ ބިނާއެއް ނޫނެވެ. އެއްގޮތަކައްވެސް އެފެންވަރުގެ ބާރުވެރިކަން ލިބިގަނެވޭނެ ތަނެއްނޫނެވެ. ޤާނޫނުހަދާ ބާރަށް ޝަރުޢުކުރުމުގެ ބާރުލިބިގަތުމަކީ، ﷲއާއި ﷲގެ ދީނުގެބާރު ކަނޑުވާމެވެ. އިސްލާމް ދީނަކީ، ބަދަލެއް، އޮޅުވާލުމެއް ނުގެނެވޭނެ ގޮތަށް، ﷲ ފުރިހަމަ ކުރައްވާފައިވާ އެންމެ ފުރިހަމަދީނެވެ. އެއީ އައިޑިއޮލޮޖީއެއް ނޫނެވެ. ދިރިއުޅުމުގެ މަގޭކިޔާނެ ކަމެއްނެތެވެ. މީހެއްގެ ނުވަތަ ބައެއްގެ ފިކުރެއްނޫނެވެ. ވިސްނުމެއް ނޫނެވެ. އުފެއްދުމެއް ނޫނެވެ. އިސްލާމްދީން އިތުރަށް ފުރިހަމަކޮށް ދިނުމުގެ ގޮތުން އިތުރުވިސްނުން ތަކާއި ފިކުރުތައް ނެރޭ މީހުންނަކީ، ދީން ނެތިކޮއްލަން އުޅޭމީހުންނެވެ. ވަހުމާއިޝައްކު އުފައްދަން މަސައްކަތް ކުރާމީހުންނެވެ. އެމީހުންނަކީ، ހުރިހާގޮތަކުން، ﷲގެ ލަޢުނަތް ރައްދުވެގެންވާ މީހުންނެވެ. އެކިއެކި ޙީލަތްތައް ބޭނުންކޮށްގެން، ފިސާރިއަކަށް މިކަމާ، އުޅޭނެ ބަޔަކު އަބަދުވެސް ފާޅުގައި ނުކުމެ އުޅޭނެއެވެ. ފަހެ، ދެކޭށެވެ! ދަންނާށެވެ! އެފަދަމީހުންގެ ފަހަތުގައި ބޮޑެތިބާރުތައް ކަޅިއަޅައަޅައި ފޮރުވިގެން އެހީތެރިވާން އަބަދުވެސް ތައްޔާރަށް ތިބޭނެއެވެ. އެކަމަށް އުފަށްދާފައިހުރި ޖަމާއަތްތައް ތައްޔާރަށް ފާރަލުމާއެކު ބަލަބަލާ އޮންނާނެއެވެ. އެހީތަކާއި ޢިނާޔަތްތައް ދޭނެއެވެ. ރާއްޖެއިންވެސް ދަނީ، އޭގެރީތި މިސާލުތައް ތިލަވެ، ފެންނަމުންނެވެ. އަންހެނުންގެ ޙައްޤުތައް ދިފާޢުކޮށް ދިނުމުގެ ނަމުގައި ސިޔާސީޕާޓީއެއް ކަމުގައިވާ އެމްޑީޕީގެ ފޭރާމުގައި ހުންނަވައިގެން، އަންހެނަކު އިސްލާމްދީނާ، ޚިލާފު ބަސްތަކެއްވަނީ، ފަތުރާފައެވެ. “މިނިވަން” ކިޔާދުވަހު ނޫހެއްގައި ޝާއިޢުކޮށް ފައެވެ. ދީނަކީ އޮތް، ހަމައެކަނި ހުވަފެނީ ވިސްނުމެއް ކަމުގައިވަނީ، ސިފަކޮށްފައެވެ. ސުވަރުގެއާއި ނަރަކައަކީވެސް ދީނަށް ލެންބުމަށް ބޭނުންކުރެވޭ ޚިޔާލީ ވިސްނުމެއްކަމަށް އެފަދަ މީހުން ސިފަކުރެއެވެ. އަދިވެސް، އެއަންހެނާ ފައުޅުގައި އެކަމާދެރަވެ ހިތާމަކޮށް ފައެއްނުވެއެވެ. އިސްލާމުންގެ ކިބައިން، މަޢާފަށް އެދިފައެއް ނުވެއެވެ. އަދިވެސް ހުންނެވީ މުޅިޤައުމުގެ އިޞްލާޙަށް ގޮވާލަމުންދާ ސިޔާސީޕާޓީ އެއްތެރޭގައި ޢަމަލީގޮތުން، އިޞްލާޙުގެ މަސައްކަތް ކުރެއްވުމު ގައެވެ. މީހުންގެ ލަދަށް ހަމައެކަނި ދުރަށްޖެހިލީ އެމްޑީޕީގައި އޭނާހުންނެވި ޝަރަފުވެރި މަޤާމުން އެކަންޏެވެ. ދީނީޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ ފިކުރުތަކުގެ އަހުލުވެރިންނަށް ފަހުދުވަހުގައި ތައްޔާރު ވެފައިހުރީ އަލިފާނެވެ. އާދެ! އެންމެމަތީ މަޖިލީހުގައި ހިނގައިދިޔަ ނަސޭޙަތްދިނުން ވެގެންދިޔައީ، މުޅިއެލިޔުމުގެ އަސްލުގެއްލިގެން ދިޔުންކަމަށެވެ. ބުރުގާއެޅުމާބެހޭ ގޮތުން އުފެދުނު މައްސަލައެއްގެ ގޮތުގައެވެ. އެހެނަސް މިމައްސަލައިގެ އަސްލަކީ، އިސްލާމްދީނަކީ، އަމިއްލައަށް އުފެދުނު ފިކުރެއްގެ ގޮތުގައި ސިފަކުރެވިގެން ދިޔަދިއުމެވެ. އެންމެމަތީ މަޖިލީހުގައި ތިއްބެވި ޝައިޚުންގެ މޮޅުކަމުން މިއޮއްފަދަ ސީރިއަސްކަން ބޮޑުމައްސަލަވަނީ، ބުރުގާއާބެހޭ ގޮތުން އުފެދުނު ކޫސަނި ކަމެއްގެ ގޮތުގައި ނިމިގޮސްފައެވެ. މުޅިން ވަޅުޖެހިފައެވެ. މިޤައުމުގެ އަމުރުމަޢުރޫފު ހިންގުމަށް މިވަނީ، ޙައްލެއްނެތް ކޮންފަދަ ވަބާއެއް ޖެހިފައި ބާވައެވެ! އަމުރުމަޢުރޫފު ހިންގޭ އެއްވެސް ދިމާއެއް ނެތީއެވެ. ޢަޖައިބުވެގެން ގޮސް އަންތަރީސްވާ ހުއްޓެވެ!! އޭނަޔާ އެކުގައި، ޤައުމުގެ އިޞްލާޙަށް މަސައްކަތް ކުރެއްވުމަށް، އިސްކޮށް ތިއްބެވި ޢިލްމުވެރިންގެ ބަސްދިޔައީ ވެއްޔައި މޮޑެވިގެންނެވެ. ފަހުންއެމައްސަލަ ޕާޓީގެޤައުމީ މަޖިލީހަށް ފޮނުއްވާކަށް ކެރިވަޑައެއް ނުގަތެވެ. ޕާޓީގައި އިސްކޮށް ތިއްބެވި ފަޟީލަތުލް އުސްތާޒު އާދަމް ނަސީމު “ބީއޭ” މެންފަދަ ބޭފުޅުންގެ ބަހެއް މިކަމުގައި ނުވިކުނެވެ. ހިތާމަހުއްޓެވެ! އެބޭފުޅުންނަށްވެސް ޖެހިވަޑައިގަތީ އީމާންކަމުގެ އެންމެދަށު ދަރަޖައިގެ މިންގަޑުގެ ދަށުން ހަމަހިމޭންކޮށް މަޑުން ތިއްބަވާށެވެ. ދީނަށްވުރެ ބޮޑަށް އިސްކުރެވިގެންދިޔައީ، ޒަމާނީ ލިބަރަލް ޑިމޮކްރަސީއަށް އަޑުއުފު ލަމުންގެންދާ، ލާދީނީބައެއްގެ މަޞްލަޙަތެވެ. ފަހެ، ދަންނާށެވެ! މިއީ ހުސް ޒަމާނީދަޅައެވެ. ޙައްޤުންނެއްޓި ވައިއެޅުވުމުގެ ދަޅައެކެވެ. އެހެންނޫންނަމަ، އެފަދަ ޢިލްމުވެރިން މިއަޑުތައް އިތުރަށް އުފުއްލަވައި އިޙްތިޖާޖު ކުރެއްވީސްކަން ކަށަވަރެވެ. މިލިޔެލަނީ، އެފަދަ ޢިލްމުވެރިޔަކު، 28 މެއި 2007މ، (ހޯމަ) ދުވަހުގެ “މިނިވަން” ނޫހުގެ، 9 ވަނަ ޞަފްޙާގައި “އަންހެނުންނަށް ޤާޟީކަން ދިނުމުގެ މައްސަލަ” މިސުރުޚީގެ ދަށުގައި ލިޔުއްވާފައިވާ ލިޔުމުގެ އެންމެފަހު ދެޖުމްލައެވެ. “ޕާޓީން ކެނޑުމަކީ، މިޕާޓީއަށްލިބޭ ގެއްލުމެކެވެ. މައުމޫނަށް ލިބިވަޑައި ގަންނަވާ ފައިދާއެކެވެ.” އާދެ! ރައީސްމައުމޫނަށް ދެރަދެއްވުމުގެ ބޭނުމުގައި ދީނީ މަޞްލަޙަތަށްވުރެ، ސިޔާސީޕާޓީއެއްގެ މަޞްލަޙަތަށް އެޢިލްމު ވެރިޔާއަށް އިސްކަން ދެވުނީއެވެ. މިކިޔާޒަމާނީ ލިބަރަލް ޑިމޮކްރަސީގެއަޑު، އިސްލާމުންގެ ތެރޭގައި ބާރުގަދަ ކުރެވެނީ މިފަދަގޮތްތަކާއި މިކަހަލަކަންތައް ދިމާވާތީއެވެ. ޢިލްމީބޭފުޅުން މުޑުދާރު ސިޔާސަތުގެ ތެރެއަށް ވަންނަވާއި ވަކިމީހެއް ކުރިޔަށް ނެރެން ނިޔަތްގަނެ މަސައްކަތް ފެށުމުންނެވެ. ފަހެ، ދީންބަލިކަށި ކޮށްގެން ނުވަތަ ދީންދޫކޮށްލާއި އެއްފަރާތަށް ޖައްސާލައިގެން ނަމަވެސް ރައީސްމައުމޫނު ބަލިކުރުމަކީ، އެންމެއިސް މަޤްޞަދަށް ހެއްދެވުމަކީ، ކޮންކަހަލަ ވިސްނުމެއްތޯއެވެ؟ މިއީ، ހަމައެންމެ ރަނގަޅުގޮތްތޯ ވިސްނާލައްވަން އެބަޖެހެއެވެ! ފަހެ، މިއީ އަޅުގަނޑުގެ ހިތުގެއަޑިން އިޚްލާޞްތެރި ކަމާއެކު، ކޮށްލެވޭ ސުވާލެއްކަމުގައި ދަންނަވަމެވެ. ދެން މިޤައުމުގައި ހިނގި އަނެއްކަމަކީ، އެންމެނުބައި ވެގެންވާ ބޮޑު ފާފައެވެ. ޝިރްކުގެ ތެރެއިންވާ ފާފައެކެވެ. މިވާހަކައަސް މީގެކުރިންވެސްވާނީ އިޝާރާތް ކުރެވިފައެވެ. އެހެނަސް އަދިވެސް އިޝާރާތްކޮށްލަން އެބަޖެހެއެވެ. މާސިންގާ މަހުޖަނެއްގެ އުފަންދުވަހުގެ އުފަލުގައި ލޮބުވެތި އިސްލާމީ ދިވެހިފަސް ގަނޑުގައި ފާޅުކަން ބޮޑުގޮތަކަށް، ބަޔަކުމީހުންވަނީ ފާޅުގައި، ﷲއަށް ޝަރީކު ކޮށްފައެވެ. ހިނދުކޮޅަކަށް ނަމަވެސް އެމީހުން، ހިތުގެއަޑިން ޤަބޫލުކުރާ ކަނލާގެއެއް ބަހައްޓައި އަންހެނުންގެ މަތީބައި ހާމަކޮށްގެންތިބެ، ނާޗަރަނގީ ދަރުބާރެއް ބޭއްވުމަކީ، ކަނޑައެޅިގެން ﷲއަށް، ޝިރްކު ކުރުމެވެ. އެއީނުފުއްސަވާނެ ބޮޑުފާފައެކެވެ. ދުނިޔެމަތީގައި ކުރެވޭނެ އެންމެބޮޑު ފާފައެވެ. ފުޅިމަދުން ވިޔަސް، ޕްލާސްޓިކުން ވިޔަސް، ރަންރިހިން ނަމަވެސް، މުޅޯށިވިޔޭ ފަންވަތުން ކަމުގައި ވިޔަސް، އެބުދުތަކަކީ، ބަޔަކުމީހުން އަޅުކަންކުރަން ގެންގުޅޭ، އެއްވެސް ބުއްދިއެއް ވިސްނުމެއްނެތް އެއްޗެކެވެ. މުޖައްސިމެކެވެ. ހިޔަންޏެއް ނޫނެވެ. ރޫޙާނީއެއްޗެއް ނޫނެވެ. ހަމަކަށަވަރުން ހިޔަންޏެއްވާ އެއްޗެކެވެ. މާއްދީއެއްޗެކެވެ. އެހެންވުމުން، އެކަމުގެ ޒިންމާ އުފުލާނެ ފަރާތެއް، ޤާނޫނު އަސާސީއާއި ޤާނޫނުލް ޢުޤޫބާތުގެ ދަށުން، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން، ނަމަވެސް ލޮބުވެތި ދިވެހި ރައްޔިތުންނަށް ދައްކުވައި ދޭންޖެހޭނެއެވެ. މިހެން މިގޮތަށް ދަންނަވަން ޖެހުނީ، ރައީސް މައުމޫނުގެ މުސްތަބިއްދު ސަރުކާރުން، މިދެކަމުންކުރެ ކަމަކާ، އަޅާނުލާނެ ހެންހީވާތީއެވެ. މިކަހަލަ މުހިންމު ކޮންމެކަމެއް ދިމާވާ ދަނޑިވަޅެއްގައި، އެންމެމަތީ މަޖިލިސް، (ދީނީކަންކަމާ ބެހޭ މިނިސްޓްރީ) ބަދަލުވެގެން ދާތަންފެންނަނީ، މަޝްވަރާ އަރުވަން އޮންނަ މުއައްސަސާ އަކަށް ހަނިވެގެންދާ ތަނެވެ. އެމީހަކު ގެނެސް ވާހަކަކޮޅެއް ދައްކާލެއްވުމަށް ދޫކޮށްލައްވަނީއެވެ. ތަންފީޒީތަނަކަށް ނުވެއެވެ. އެއްވެސް ފިޔަވަޅެއް ނާޅުއްވައެވެ. މިއީ ފަސާދަވެފައިވާ މިރެޖީމުން ސަރުކާރު ހިންގަމުންގެންދާ ވައްތަރެވެ. ފަހެ، ދަންނާށެވެ! ޤައުމެއްގައި ފަސާދަ ޢާއްމުވެއްޖެނަމަ، ދެން އެޤައުމެއްގެ ބޮޑުން ޣަރަޤުވެ ނިމިދާނީ، އެފަސާދައިގެ ފުންކަނޑު ތެރެއަށެވެ. އަޅުގަނޑު ދެކޭގޮތުގައި، އެންމެ ކުޑަމިނުން ޓުއަރިޒަމް މިނިސްޓަރު އޮނަރަބްލް މަޙުމޫދު ޝައުޤީ މިކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނެއެވެ. އެންމެފުރިހަމަ ގޮތުގައި ޖަވާބުދާރީވާން ޖެހޭނެއެވެ. މޯލްޑިވްސް ކަސްޓަމުން އެބުދުތައް ރާއްޖެއެތެރެ ކުރެވުނު ގޮތެއްވެސް އޮންނަން ޖެހޭނެއެވެ. މިހާރަކަށް އައިސް އަޑުއުފުލައި، ގޮވަމުން މިގެންދާ، ތަހުޒީބީ، އަދި ޒަމާނީ ލިބަރަލް ޑިމޮކްރަސީއަށް، އިސްލާމުން ބޯލަނބަން ނުޖެހެނީ، މިފަދަ ސަބަބުތަކާ ހެދިއެވެ. އަޅުގަނޑު މެންގެ ދީނަކީ، އެހެންހުރިހާ ދީނަކާއި، ހުރިހާއެއްޗަކަށްވުރެ މަތިވެރި އިލާހިދީނެކެވެ. މާތްޝަރަފުވެރި ދީނެކެވެ. އުފުލިގެންވާ ދީނެކެވެ. ޝަރުޢުކުރެއްވި ޝަރީޢަތެވެ. ދުސްތޫރެވެ. ޤުރުއާނުގެ ފެށުމަށް ބައްލަވާއި ފިކުރުކޮށް ލައްވާށެވެ! ސޫރަތުލްފާތިޙާ އަށްފަހު، ސޫރަތުލްބަޤަރާ ފައްޓަވަމުން ވަރަށް ހަރުކަށިކޮށް އަންގަވާފައިވެއެވެ. އެފޮތާއި ދޭތެރޭގައި ކުޑަކޮށްވެސް ޝައްކެއްނެތެވެ. އެފޮތަކީ، ތަޤުވާވެރީންނަށް ހިދާޔަތެކެވެ. އެތަޤުވާވެރީންނަކީ، ޣައިބަށް އީމާންވެ، ނަމާދުޤާއިމުކޮށް ތިމަން ރަސްކަލާނގެ އެބައިމީހުންނަށް ދެއްވިތަކެތީން ހެޔޮގޮތުގައި ހޭދަކުރާމީހުންނެވެ. އާދެ! ނަމާދު ޤާއިމުކުރުމުގެ ކުރިން ޣައިބަށް އީމާން ވާންޖެހެއެވެ. މާއްދިއްޔަތަށް ވުރެ ރޫޙާނިއްޔަތު އިސްކުރުން މަޖުބޫރުވެއެވެ. މާތްވެގެންވާ މިދީނަށް “އިސްލާމްދީނޭ” ކިޔުނީވެސް، އެހެންވެއެވެ. މިއީ ސަލާމަތުގެ ދީނެވެ. ސަލާމަތް ތެރިކަމުގެ ދީނެވެ. ޙިމާޔަތުގެ ދީނެވެ. އަމާންކަމުގެ ދީނެވެ. ޞުލްޙަވެރި ކަމުގެދީނެވެ. އޯގާތެރިކަމުގެ ދީނެވެ. އެކަކު އަނެކަކައި އަޅާލުމުގެ ދީނެވެ. އެއްބަނޑު އެއްބަފާ ކަމުގެދީނެވެ. ތެދުމަގުގެ ދީނެވެ. މަޝްވަރާގެ ދީނެވެ. އެކިތަނަށް، އެކިދައުލަތް ތަކަށްއޮތީ އެކިވަށްތަރު ވަށްތަރުގެ އިސްލާމްދީނެއް ނޫނެވެ. ޑިމޮކްރަސީ އެކިހިސާބަށް އެކިދައުލަތްތަކަށް ބަހާލެވިފައި އޮތަސް އިސްލާމްދީން އެގޮތަށް ބަހައެއް ނުލެވޭނެއެވެ. އެބަޔަކަށް އެބައެއްގެ އިސްލާމް ދީނެއް ނުގެންގުޅެ ވޭނެއެވެ. ފަހެ އިސްލާމް ދީނަކީ ބާއްވާލެއްވި ތާހިރުކަން މަތީގައިވާއޮތް ބައިބައި ނުކުރެވޭނެ އެއްދީނެކެވެ. އަދި އިސްލާމް ދީނަށް “ދިރިއުޅުމުގެމަގޭ” (ދަވޭ އޮފް ލައިފްއޭ) ކިޔައިގެން ހުޅަގުން، އެބައިމީހުން އެއުޅެނީ މިގޮތަށް އެކިހިސާބަށް އެކިދައުލަތްތަކަށް އިސްލާމްދީން އެކިވަށްތަރު ވަށްތަރަށް ބަހާލުމުގެ ފޮރުވިފައިވާ ސިއްރު މަގްސަދުގައެވެ. އިސްލާމްދީން އެކިވަށްތަރަށް އަދި އެކިސިފަތަކަށް އެކިގައުމުތަކުގައި ބޭނުންކުރެވޭ ގޮތަށް ބަހާލުމަށެވެ. ފަހެ ދަންނާށެވެ! އިސްލާމްދީނަކީ، ސަލާމަތާއި އަމާންކަމުގެ ސާފުސީދާ ޑިމޮކްރަސީއެއް، މާބޮޑަށްވެސް އޮތްދީނެވެ. އާދެ! އެއީ “އިސްލާމީ ޑިމޮކްރަސީ” އެވެ. މިނިޒާމުގައި، ދުސްތޫރު އެކުލަވާ ލުމުގައާއި ޤާނޫނުތައް ކަނޑައެޅުމުގާއި އަމުރުތައްނެރެ ހިންގުމުގައި، އިދިކޮޅު ޕާޓީތަކުގެ، ފުރިހަމަ ތާއީދުލިބެން ޖެހޭނެއެވެ. ނެރެވޭ ހުރިހާ އަމުރުތަކަކީ، އިދިކޮޅު ޕާޓީތަކުގެ ހިއްސާ އޮވެގެން، މަޝްވަރާ ކުރެވިގެން ނެރެވޭ، ތަންފީޒީ އަމުރުތަކަކަށް ވާންޖެހޭނެއެވެ. އެއަމުރުތައް ތަންފީޒުކޮށް، ހިންގުމުގައި އިދިކޮޅުޕާޓީތަކުގެ އެއްބާރުލުން ލިބިގެންދާނީ މިގޮތުގެމަތިން، އިސްލާމީ ޑިމޮކްރަސީއެއް ޤައިމު ކުރެވިގެންކަން ކަށަވަރެވެ. މިއިންދޭހަ ކޮށްދެނީ، އިސްލާމްދީނަކީ، އިދިކޮޅުޕާޓީ ތަކަށް ފުޅާދާއިރާ އެއްގައި ޖާގައޮތް، އިދިކޮޅު ޚިޔާލުތަކަށް އިޙްތިރާމް ލިބިދޭ، މަތިވެރި ޝޫރާއެއްގެ ދީނެއްކަމެވެ. އަދި ތަފާތުޖަމާޢަތް ތަކަށާއި، ތަފާތުޕާޓީ ތަކަށް ފާޑުކިއުމުގެ ދޮރުހުޅުވިފައިވާ ދީނެއްކަމެވެ. އަދި މިއީ އެންމެ ފުރިހަމަކޮށް ދުނިޔެވީ، ޑިމޮކްރަސީގެ އަސްލުތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ޑިމޮކްރަސީއެއް އެކުލެވިގެންވާ ދީނެއްކަމެވެ. އަދި، ﷲ ފުރިހަމަ ކޮށްދެއްވާފައިވާ، އިތުރުބަދަލެއް ނުގެނެވޭނެ ދީނެއްކަން ހިތުގެއަޑިން ޤަބޫލު ކުރަންޖެހޭ ދީނެކެވެ. ތަފާތުޖަމާޢަތް ތަކަށާއި ތަފާތުޕާޓީތަކަށް، ޚިޔާލުފާޅުކޮށް ފާޑުކިޔުމުގެ ދޮރު ހުޅުވާލެވިފައިވާ ދީނެއްކަން ކަށަވަރެވެ. ފަހެ، އިސްލާމް ދީނުގައި ޤަބޫލުކުރެވޭނެ، ޑިމޮކްރަސީއަކީ، “އިސްލާމީ ޑިމޮކްރަސީ” އެކަންޏެވެ. އެނޫންގޮތަކަށް އިސްލާމުންނަށް، ތަހުޒީބީ، ޒަމާނީ، އަދި ލިބަރަލް ޑިމޮކްރަސީއޭ ކިޔޭނެގޮތެއް ނެތެވެ. އެފަލްސަފާތަކުގެ ބޭނުންހިފޭނެ ގޮތެއްނެތެވެ. ހުޅަގުން އުފެއްދި ޑިމޮކްރަސީގައި މިފޭރާންމުން ޒީނަތްތެރި ނުކުރެވޭހާ ހިނދަކު އެފަލްސަފާތަކުގައި އިސްލާމުން އަތްލައިގެން ނުވާނެއެވެ. ޤަބޫލުކޮށްގެން ވެސް ނުވާނެއެވެ. ފަހެ، މިނޫންގޮތަކަށް ލިބަރަލް ޑިމޮކްރަސީއޭ ކިޔައިގެން އިސްލާމުން ޤަބޫލުކުރާ ކޮންމެ ފަލްސަފާއަކީ ވެސް އިސްލާމްދީނަށް، މަލާމަތްކޮށް ފުރައްސާރަ ކުރުމެވެ. އިސްލާމްދީނުގެ މައްޗަށް އެހެންކަމެއް، ނުވަތަ އެހެން ފަލްސަފާއެއް އިސް ކުރުމެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! ދެންފަހެ، ދަންނާށެވެ! އިސްލާމް ދީނުގައި އިދިކޮޅު ޚިޔާލު ފާޅުކުރުމަކީ، ބިނާކުރަނިވި ފާޑުކިޔުންކަމަށް ވާއިރު، އިސްލާމީ ވެރިކަމުގެ ބިނާއެއްގެ ފިކުރު އުފެދި ފެށުނީއްސުރެ އިދިކޮޅުޚިޔާލު ފާޅުކުރުން އިސްލާމީ ޝަރީޢަތުގައި ހިމެނިފައިވާކަން، ޝަރުޢީ ނައްޞުތަކުން ވިސްނެއެވެ. ދަލާލަތު ކޮށްދެއެވެ. ޘާބިތުކޮށް ދެއެވެ. ޝައްކެއް ވަސްވާހެއް ނެތްގޮތުގައި މިނިވަންކަން، ފަރުދީގޮތުން ކަމުގައިވިޔަސް، އިޖްތިމާޢީ ގޮތުން ކަމުގައިވިޔަސް، އަދި ސިޔާސީގޮތުން ކަމުގައި ވިޔަސް، އޭގެ އެންމެ ފުރިހަމަ ގޮތުގައި، އިސްލާމީ ވެރިކަމުގެ ޤަވާޢިދުތަކުގެ ތެރޭގައި، އަޞްލު އުޞޫލެއްގެ ގޮތުގައި، ހިމެނިފައި އޮތުމުގެ ނަތީޖާއަކީ، ޠަބީޢީގޮތުން އިދިކޮޅުޚިޔާލު ފާޅުކުރުމުގެ ދޮރު، މުހިއްމު ޙައްޤެއްގެ ގޮތުގައި ހުޅުވާލެވިފައި އޮތުމެވެ. އޭގެމާނައަކީ، އިދިކޮޅު ޚިޔާލަކީ، ކޮންމެހެންވެސް އޮތުން ލާޒިމުކުރާ ކަމެކެވެ. އިދިކޮޅު ޚިޔާލާނުލައި ދައުލަތުގެ އެއްވެސް ކަމެއްފުރިހަމަ ނުވާނެކަމެވެ. މިއިން ލިބިގަންނަންޖެހޭ ފިލާވަޅަކީ، ޚިޔާލުފާޅު ކުރުންނެތި، އިސްލާމްދީނުގައި އޮންނަ މިނިވަންކަން ފުރިހަމައެއް ނުކުރެވޭނެ ކަމެވެ. މިހަމައިގެ މަތިން، އަޅުގަނޑުގެ ސިކުނޑިއަށް ވެރިވެގެން ދަނީ، އިސްލާމީ ވެރިކަމުގެ ނިޒާމުގެ ތެރޭގައި، އިދިކޮޅު ޚިޔާލުފާޅު ކުރުމަކީ، ކޮންމެ ފަރުދަކަށްވެސް ޠަބީޢީގޮތުން ކޮނޑުގައި އެޅިފައިއޮތް، ވާޖިބެއް ކަމަށެވެ. އެއީ އަސާސީ މަބްދައެކެވެ. ހަމަޖެހިފައި އޮތް އަޞްލެކެވެ. އަޞްލެއްގެ މައްޗަށް ބިނާކުރެވިފައިވާ، ކޮންމެހެން ތަބާވާންޖެހޭ ބިންގަލެކެވެ. އާދެ! އެމަބްދައު ފެށިގެން އަންނަނީ، ހެޔޮކަންތަކަށް އަމުރުކުރުމަށާއި، ނުބައި ކަންތަކުން ނަހީކުރުމަށް، ޤުރުއާނުގެ އެތައްތަނެއްގައި، ﷲ އަމުރު ކުރައްވައި އަންގަވާފައި ވާތީއެވެ. އިސްލާމް ދީނުގައި އިދިކޮޅު ޚިޔާލަށް، ޖާގައޮތްކަން ހާމަވެގެންދާ އެއްކަމަކީ، ހެޔޮކަންތަކަށް އަމުރުކޮށް ނުބައި ކަންތަކުން މަނާކުރުމުގެ އުޞޫލެއް ދީނުގައި، “ކިފާއީފަރުޟެއް” ގެގޮތުން އައިސްފައި އޮންނައޮތުމެވެ. މިކަމަކީ، ޤުރުއާނުގެ ބައެއް އާޔަތްތަކުން ޞަރީޙަކޮށް އިނގޭ، އިނގުމެކެވެ. އާލުޢިމްރާނު ސޫރަތުގެ، 110 ވަނައާޔަތް ބައްލަވާލައްވާށެވެ. މުތޯލަޢާ ކުރައްވާށެވެ. ތިޔަބައިމީހުން ނަކީ، ﷲ މީސްތަކުން ނަށް، ފޮނުއްވާފައިވާ އެންމެމާތް އުންމަތުގެ މީހުންނެވެ. އެހެނީ، ތިޔަބައި މީހުންގެ، ސިފަތަކުގެ ތެރޭގައި އައިސްފައިވާ މުހިއްމުކަންބޮޑު، ބައެއް ސިފައަކީ، ހެޔޮކަންތަކަށް އަމުރުކޮށް އުޅުމާއި ނުބައިކަންތައްތައް މަނާކޮށް އުޅުމެވެ. އަދި އެބައެއްގެ ކިބައިގައި، މިމަތިވެރިމާތް ސިފަނެތް މީހުންނަކީ، އެއީ ނުބައި މީހުންކަމުގައި، ﷲވަނީ ޤުރުއާނުގައި ބަޔާން ކުރައްވާފައެވެ. އެބައި މީހުންނަކީ، އެބައިމީހުންގެ ތެރޭގައި ހިނގަމުންދާ ނުބައި ކަންތައް، އެކަކު އަނެކަކަށް، މަނާކޮށް ނޫޅޭ މީހުންނެވެ. އެމީހުން އެކަންކުރާގޮތް ހާދަހާވާ ނުބައިވެގެން ވެއެވެ! މިކަމުގައި އައިސްފައިވާ ނައްޞުތަކަށް، ވިސްނާލުމުން ހެޔޮކަންތަކަށް އަމުރުކޮށް، ނުބައި ކަންތަކުން މަނާކުރުމުގެ އުޞޫލަކީ، ވެރިކަމުގެ އެންމެހައި ކަންތައްތައް ސީދާކޮށް، ބެހެއްޓުމުގައި މުހިއްމުކަންބޮޑު ދައުރެއް އަދާކޮށްދޭ ވަރުގަދަ ބާރެއްކަންދޭހަވެ، އޮޅުންފިލައެވެ. އަދި އޭގެސަބަބުން ބާޠިލުއުޞޫލު ތަކާއި ގޮތްތަކުގެ މައްޗަށް ނަޞްރާއި ކާމިޔާބު ލިބިގެންދާނެއެވެ. ގޯސްކަން ތައްތަކަށް އޮންނަޖާގަ ކުޑަވެ ހަނިވެގެން ދާނެއެވެ. އެފަދަ މުޖްތަމަޢެއްގައި ވެރިމީހާވެސް ދެކޭނީ، އުންމަތުގެ ކޮންމެފަރުދަކީ ވެސް، ފާރަވެރި ބެލުންތެރިއެއް ކަމަށެވެ. ވެރިމީހާގެ ކަންތައްތަކަށް އަބަދުވެސް ނަޒަރުކޮށް، ފާރަލާމީހެއްގެ ގޮތުގައެވެ. އެއީ ވެރިމީހާގެ ފަރާތުން ހިންގާގޯސް ކަންތައްތަކާއި ކޮރަޕްޝަންތަކާއި ނޭދެވޭ ނުފޫޒޫތައް ބެލުމަށެވެ. އަދި ވެރިމީހާގެ ފަރާތުން ފެންނަމުންދާ ނުކިއްސަރު ޢަމަލުތައް، ވެރިމީހާއަށް ހަދާންކޮށްދީ ތެދުމަގަށް، އަޅުވައި މުޅިދައުލަތް ސީދާކުރުމުގެ ބޭނުމުގައެވެ. މިކަން މިގޮތައް އޮންނަކަމަށް ވާނަމަ، ވެރިމީހާ އަޅާކޮންމެ ފިޔަވަޅަކީ، ވިސްނުންތަކެއް ވިސްނުމަށްފަހު، އަޅާފިޔަވަޅަކަށް ވެގެން ދާނެކަން ކަށަވަރެވެ. ގާނޫނު އަސާސީއާއި ޤާނޫނުތައް ގިރާކޮށް ޗާޓުންބޭރަށް ފުންމާލައްވާކަށް ނުކެރޭނެއެވެ. ތިމާގެމީހުންނާއި ބޮޑެތި މަހުޖަނުންނަށް ނާޖާއިޒު ފައިދާތައް ޤަވާޢިދާޚިލާފަށް ވެދުންކޮށް ހައްދަވާކަށް ނުކެރޭނެއެވެ. އެގޮތުން ކުރައްވާ ކަމެއްގައި، ގިނަރައްޔިތުންގެ ރުހުންނެތްކަން އެނގޭނަމަ، އެކަމެއް ކުރުމަށް ފަސްޖެހި، މަނާވެގަންނާނެކަން ކަށަވަރެވެ. އެފަދަކަމެއް ކުރުމަށް ޖެހިލުންވާނެއެވެ. ބިރުގަންނާނެއެވެ.

ޠަބީޢީގޮތުން ވިސްނާއިރު، ހުރިހާ އިންސާނުންނަކީ، ހެޔޮކަންތައްތަކަށް އަމުރުކޮށް، އަދި ނުބައި ކަންތައްތަކުން މަނާކުރުމަށް ތެދުވާނެ ބައެއްނޫނެވެ. ގިނަމީހުންނަކީ، ހަމައެކަނި ތިމާގެ މަޞްލަޙަތަށް ބެލުން ފިޔަވައި އެހެންކަމަކަށް އެދޭނެ ބައެއްނޫނެވެ. ފެންނާނީ ހަމައެކަނި ތިމާގެ އަތްފޯރާފަށާއި ތިމާގެ ޖީބުތަކެވެ. ޤައުމީ މަޞްލަޙަތައްވުރެ، ޝަޚުޞީ މަޞްލަޙަތު އިސްކުރާނެ ބޮޑެތިސޭޓުންނާއި މަހުޖަނުން އަބަދުވެސް ތިބޭނެއެވެ. ނާޖާއިޒުކޮށް ރައްޔިތުންގެ އެސެޓުތަކުން ބޮޑުފައިދާ ނަގާނީ އެމީހުންނެވެ. ރައްޔިތުންގެ އެންމެޙައްޤު މިލްކިއްޔާތު ކަމުގައިވާ ފަޅުރަށްތަކާއި ފަޅުތަކާއި ގިރިތައް އެގޮތްމިގޮތަށް ވެރިކޮށްގެން ތިބޭނީ އެމީހުންނެވެ. ބާރުވެރި ގޮނޑިއެއް އިށީދެލާން ލިބިއްޖެނަމަ، ވަރަށް މުސްތަބިއްދު ވާނެއެވެ. އެހެންފަރާތްތަކުގެ މަޝަވަރާއެއް ބޭނުމެއް ނުވާނެއެވެ. އަދި ނުވެސް ކުރާނެއެވެ. ފާޅުގައި އެކަން ފެނިގެންދާނެއެވެ. ބައްލަވާށެވެ! އެމީހުންނަށް އަބަދުވެސް ފެންނާނީ އަމިއްލަ ފައިދާއެވެ. ވަރުގަދަ ކުރާނީ އަމިއްލަ ވިޔަފާރިއެވެ. އަބަދުވެސް ހިތަށްއަރާނެއެވެ! މުޅިރައްޔިތުން ތިމާގެ މުދާވެރިކަމުން ބަލަހައްޓާލެވޭ ނެއެވެ. ކާންބޯންށާއި ދިރިއުޅުމަށް ބޭނުންވާ ހުރިހާތަކެތި ހޯދައި ދެވިދާނެއެވެ. ރައްޔިތުންނަކީ، ތިމާގެ އަޅުންނެވެ. ޖެހޭނީ ހެއްދިގޮތެއް ހެދިގެން ތިބޭށެވެ. ދުނިޔެދުށް ޤާރޫނުމެންގެ ވިސްނުންހުރީ މިގޮތަށެވެ. އެހެންވެ ހަލާކުވެދިޔައީ ޤައުމަށް ފައިދާއެއް ނުކޮށް ޒަލީލުވެގެންވާ ނިކަމެތި ޙާލުގައެވެ. ހުރިހާޒަމާނެއްގައި ވެސް މިފަދަހުވަފެން ދެކޭމީސްމީހުން އުޅޭނެއެވެ. ސިޔާސީލީޑަރުން ތިބޭނެއެވެ. ކަށަވަރެވެ! މިފަދަމީސް މީހުން އަމިއްލަ ޒިންމާއެއް ނުއުފުއްލަވާ ނެއެވެ. ވެރިންނާއި ވަޒީރުންނަށް ތިއްބެވިޔަސް އެފަދަ ކަންތައް ބޮލުން ނައްޓުވާލައްވައި އަޅުއްވާނީ، ވަޒީރުންގެ މަޖިލީހުގެ ބޮލުގައެވެ. ނުވަތަ އެހެންކުޑަ ކޮމެޓީއެއްގެ ބޮލުގައެވެ. ނުވަތަ އެހެން ކޮންމެވެސް މީހެއްގެ ބޮލުގައެވެ. ގުރުބާނީކޮށްލާނެ ކަންބަޅިއެއް ހޯދާނެއެވެ! ފަހެ، ބައްލަވާށެވެ! ރާއްޖޭގައި، 2007 ވަނަ، އަހަރަށް ފާސްކުރެވުނު ބޮޑުބަޖެޓުގެ ދަރަނި ދެކޮޅުޖެއްސޭތޯ ބެލުމަށް، ރޭވިގެން ހުށަހެޅޭ ބިލުތަކަށް، ޖަވާބުދެއްވަން ވަޑައިގަންނަވާ ވަޒީރުން، ޤާނޫނުހަދާ މަޖިލީހުގައި މިހައްދަވަނީ، އެގޮތެވެ. އިންޕޯޓު އެކްސްޕޯޓް ކުރުމުގެ ބިލަށް، ޑިއުޓީބޮޑުކުރުމަށް ހުށަހެޅުއްވި އިސްލާޙުތަކުގެ ބިލަށް، ޖަވާބުދެއްވަމުން ރާއްޖޭގެ މަހުޖަނެއް ކަމުގައިވާ، އޮނަރަބްލް ޤާސިމް އޮބްރާހީމް، ހުރިހާކަމެއްގެ ފޫޅުކަނޑުއްވާ ލެއްވީ ވަޒީރުންގެ މަޖިލީހުގެ ބޮލަށެވެ. ދެވަޒީރުންނާއި ދެވަޒީރުންގެ ސަޕޯޓަރުން ކޯޅުނީ މަޖިލީހުގެ ތަޅުމުގައެވެ. ޖަވާބުގައި އޮނަރަބްލް ޔާމީނުވެސް ރައްޔިތުންނަށް ފައިދާހުރިގޮތަށް ވާހަކަފުޅު ބިނާކުރެއްވިއެވެ. ވަރަށް މޮޅަށެވެ. މިވަނީ ކިހިނެއްބާވައޭ އަޑުއަހަން އިނދެފައި އަޅުގަނޑު ހިތައްއެރިއެވެ. އަދި، ރައީސްމައުމޫނަށް އިޚްލާޞްތެރި ވުމަށާއި ސަރުކާރު ދަމަހައްޓައި ދިނުމަށް ހުވާކުރައްވައިގެން، އަންގަވާ ވާޖިބުތައް ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު އަދާކުރެއްވުމުގައި ދެމިތިއްބެވުމުގެ ވަޢުދެއްގެ މަތީގައި ދެމިތިއްބެވި ވަޒީރުން، ރައްޔިތުންނަށް ދެއްކެވުމުގެ ގޮތުން ކުޅުއްވާ ނުސީދާ ކުޅިވަރެއްގެ ގޮތުގައި މިކަންފާހަގަ ކުރެވުނެވެ. ވަރަށްހެއްވައެވެ. އިޚްލާޞްތެރި ތެދުމަގުން ރަނގަޅަށް ދާކަމެއްނަމަ، ވަޒީރުންގެ މަޖިލީހުން ރައްޔިތުން ނިކަމެތި ކޮއްލާޒާތުގެ މިފަދަ ބިލްތަކެއް މަޖިލީހަށް ނުފޮނުއްވީހެވެ. ދައުލަތަށް ބޭނުންވާފައިސާ ރައްޔިރުން އިނދަޖައްސާ ލައްވާއި ފަގީރުކޮށްލައިގެން ހޯދާކަށް ނޫޅުނީހެވެ. ސިގިރޭޓާއި ބޭނުންކޮއްފައިވާ ވެހިކަލުން މާސިންގާ ޑިއުޓީއެއް ނެގުމަކީ، ސީދާރައްޔިތުންގެ ލެޔާއި ކުޅުމެވެ. ދިވެހި މަސްވެރިންނަށް، ކަނޑުމަތީގެ ގަދަރާޅުތަކާއި ފިނީގައި ތިބޭއިރު އަބަދައި އަބަދު ހޫނުކަމާއި ހިތްހަމަޖެހުން ގެނެސްދެނީ، ސިގިރޭޓުންނެވެ. ހަށިގަނޑަށް ގެއްލުންހުރި ކަމަކަށް ވިޔަސް، އަދި ދިވެހިންގެ ގިނަބައެއްގެ ޢަމަލުހުރީ މިގޮތަށެވެ. ބޮޑެތިރަށްތަކާއި މާލޭގެ ރައްޔިތުންނަށް ޟަރޫރީ ބޭނުންތައް ސިލްސިލާކޮށް ގުޅުވައިދީ، ހިތްހަމަ ޖައްސައިދޭ ޗޭނަކީ، ސެކަންޑުހޭންޑް ދެފުރޮޅާއި ހަތަރުފުރޮޅުލީ ވެހިކަލްތަކާއި ކަނޑުދަތުރު އުޅަދުފަހަރުގެ މެޝިންތަކެވެ. އާދެ! ދެކެދެނެތިބެ ދަންނާށެވެ! ބަޖެޓުދެކޮޅު ޖައްސަންވެގެން ޑިއުޓީބޮޑުކުރުމަކީ، މިފަދަ ނާޒުކު ހާލަތެއްގައި ރައްޔިތުން ތިއްބާކުރަން ހެޔޮވާނެކަމެއް ނޫނެވެ. މިކަންކުރުމަކީ، ސީދާމަގުން ނެއްޓިގެން ދިއުމެވެ. ސަރުކާރުގެ ކޮންމެ މުއައްސަސާ އަކުންވެސް ނެގުނު ވަރަކަށް ރައްޔިތުން އަތުން ފައިސާ ނަގަނީއެވެ. ބޮޑުބަނޑޭރި ކަސްޓަމަށް ކޮންމެދުވަހަކު ގުޅުއްވައި މިކަން ހަދާން ކޮށްދޭނެއެވެ. މާބަނޑޭރި، ހޮސްޕިޓަލަށް އަންގަވާފައި އޮންނާނީ ދަތެއް ދައްކާލިޔަސް އެކްސްރޭއެއް ފަދައެއްޗެހި އިތުރުކޮށްލައިގެން ފައިސާކޮޅެއް ނެގުމަށެވެ. އިދިކޮޅު ޕާޓީތަކުގެ ދައުރެއް ލާޒިމުވަނީ، މިފަދަކަންތަކައި ހެދިގެންނެވެ. މަޝްވަރާ ނެތުމުން މިފެންނަނީ، ރައްޔިތުންނަށް ވަމުންދާ ބޮޑެތި ގެއްލުމެވެ. އަދި ބޮޑެތި އަނިޔާތަކެވެ.

އާދެ! އެހެންކަމުން މޮޅަށް ދެނެވޮޑިގެންވާ، ﷲ ޢަޒުލުންސުރެ މިކަން ދެނެވޮޑިގެންވާތީ، ޤުރުއާނުގައި އަންގަވާފައި ވެއެވެ. ދަންނާށެވެ! ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައިކަންތަކުން މަނާކޮށް އުޅޭޖަމާޢަތެއް ތިޔަބައި މީހުންގެ ތެރޭގައި އޮންނަ ހުއްޓެވެ. ވާހަކައަކީ، ކޮންމެހެން އޮންނަން ޖެހޭނެއެވެ. ނެތިއްޖެނަމަ، ފަސާދަވީއެވެ. ތެދުމަގު ގެއްލުނީއެވެ. ވެރިންކުރާ ކަންތައް ތަކަށް ފާޑުކިޔާހެދުމަކީ، ކޮންމެމީހަކަށް، ކުޅަދާނަ ކަމާއެކު، ކުރެވޭނެ ކަމަކަށް ނުވާތީ، މިނުރައްކާތެރި ކަމައިގެން، ތެދުވުމަކީ، އިސްލާމީ އުންމަތަށްއޮތް، “ކިފާއީފަރުޟެއް” ގެގޮތުގައި ހަމަޖައްސަވާފައި އެވަނީ، ކޮންމެވެސް ބަޔަކު، އެކަމައިގެން އުޅެންޖެހުމަކީ، މަޖުބޫރު ކަމަކަށް ވާތީއެވެ. ވެރިކަމުގެ ފަރާތުން މަޝްވަރާ ނުކުރާނަމަ، ގަދަކަމުން މަޝްވަރާހޯދަން ޖެހޭމިންވަރަށް މަޖްބޫރުކުރުވަން ޖެހޭނެއެވެ. މަޑުންތިބުމަކީ ހުއްދަކަމެއް ނޫނެވެ. ހެޔޮމަގަށް އަޅުވަން ޖެހޭނެއެވެ. ހެޔޮމަގަށް ގޮވާލަން ޖެހޭނެއެވެ. ޤާބިލުކެރޭބަޔަކު، އެކަމުގައި އުޅުމުން އެފަރުޟު އަދާކުރެވިއްޖެ ކަމުގައި ބެލޭނެއެވެ. އަދި ފުދޭނެއެވެ. އޭރުން އެންމެންގެ ފަރާތުން އެކަން ކުރެވުނީއެވެ. މިކަންކުރާނެ ބަޔަކު ނެތިއްޖެނަމަ ގައުމު ފަސާދަވެ ހަލާކުވީއެވެ. ފަހެ، ދަންނާށެވެ! ޢިލްމުވެރިއެއް ކަމުގައިވާ، އަލްޒިމަޚްޝަރީ ވިދާޅުވެފައި ވަނީ، “މިކަމަށް ކުޅަދާނަކަން ލިބިގެން ހުރިކޮންމެމީހަކީ، މިކަން ވާޖިބުވާ މީހުންގެ ތެރެއަށް ވަންނާނެ މީހެއް” ކަމަށެވެ. އަދިވެސް އެހެން ޢިލްމުވެރިއެއް ކަމުގައިވާ، އަލްއިމާމުލް ޣަޒާލީ ވިދާޅުވެފައި ވެއެވެ. “ހެޔޮ ކަންތަކަށް އަމުރުކޮށް، ނުބައިކަންތަކުން މަނާކުރުމުގެ ބަޔަކީ، ދީނުގެ އެންމެ މުހިއްމުކަން ބޮޑު އެއްބަޔެވެ. އެންމެހައި ނަބިއްޔުންނާއި ރަސޫލުން، ފޮނުއްވާފައިވަނީ، ހަމަ އެކަމައްޓަކައެވެ. އެކަން އިހުމާލުކޮށް ލެވިއްޖެނަމަ، ދީން ގެއްލިހިނގައި ދާނެއެވެ. އަނިޔާވެރިކަން ފެތުރިދާނެއެވެ. ފަސާދަ އާއްމުވެދާ ނެއެވެ. ޤައުމު ބަރުބާދު ވެދާނެއެވެ. އަދި، އެންމެހައި މީސްތަކުން ހަލާކުވެ ދިޔުމުގެ ސަބަބަކަށް އެކަން ވެދާނެއެވެ.” މިކަމުގައި ފިރިހެނުންނެކޭ އަންހެނުން ވެސް ހަމަހަމައެވެ. އެއްވެސް ތަފާތެއް ނެތެވެ. އެހެނީ، ޤުރުއާނުގައި ހެޔޮކަމަށް ގޮވާލާއި ނުބައިކަމުން މަނާކުރުމަށް، ގޮވާލެއްވުމަށް މުޚާޠަބު ކުރައްވައި އަމުރު އައިސްފައިވަނީ، އެންމެހައި މުސްލިމުން ނަށެވެ. އަންހެނުން ވެސް ޝާމިލްވާ ގޮތަށެވެ. ފާފަކުރުމާއި ސަވާބުހޯދުންއޮތީ، ދެޖިންސަށް ހަމަހަމަ ކޮށެވެ. ދުލުންނާއި ޤަލަމުންނެވެ. ބުއްދިއާއި ވިސްނުމުންނެވެ. ޢަމަލުންނާއި ކެރުމުންނެވެ. އަދި ވެރިކަން ކުރުމުގެ އެކިއެކި ކަންކަމަށް، ފާޑުކިޔުން ވެސްވަނީ، ހެޔޮ ކަންތަކަށް، އަމުރުކުރުމާއި ނުބައި ކަންކަމުން މަނާކުރުމަށް، ވާރިދުވެފައިވާ ބަސްފުޅު ތަކުގެތެރެއަށް ވަދެފައެވެ. ކޮންމެ ފަރުދަކަށް ވެސް އެމިނިވަންކަން އޮތުމަކީ، އިސްލާމްދީނު ބާރުއަޅާ ކަމެކެވެ. އެކަމަށް ކުޅަދާނަ ވެގެންވާ ކޮންމެ މީހަކަށެވެ. ކުޅަދާނަކަން ހުރިގޮތަކަށް، ހުރިވަރަކުން މަނާކުރުމުގެ ޙައްޤު އޮންނާނެއެވެ. ހެޔޮމަގަށް ގޮވާލުމުގެ ޙައްޤު އޮންނާނެއެވެ.

ފަހެ، ދަންނާށެވެ! މަދީނާ މުނައްވަރާގައި އުފެދުނު، އިސްލާމީ ދައުލަތުގެ ވެރިކަމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހުންނެވިއިރު، މިފަދަ އެތައްމިސާލު ތަކެއް ތާރީޚައްޓަކައި ދޫކުރައްވާފައި އެބަހުއްޓެވެ. އެކަލޭގެފާނަކީ، މީހުންނާމެދު، ހިތްޕުޅު ތަނަވަސް ރިވެތިވެގެންވާ ފާޑުކިޔުންތައް ޤަބޫލުފުޅު ކުރައްވައި، އަދި އިދިކޮޅު ޚިޔާލު ފާޅުކުރުން ތަކަށް ޖާގަދެއްވި ބޭކަލެކެވެ. އަޞްޙާބު ބޭކަލުންގެ ޚިޔާލުފުޅުތައް ކަނުލާ އައްސަވައި ހެއްދެވިއެވެ. އެކަލޭގެފާނުގެ ސިޔަރަތުގައި މިފަދައެތައް މިސާލުތަކެއް، ވާރިދުވެފައި ވާކަމަށް ޢިލްމުވެރިން ލިޔުއްވާފައި ވެއެވެ. އާދެ! ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށްފަހު، ވެރިޔަކު އިންތިޚާބު ކުރުމުގައި ދެޕާޓީއެއްގެ ދެމެދުގައި ފާޅުކުރެވުނު މިނިވަން ޚިޔާލުތަކަށް ބައްލަވާށެވެ. މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި، މުހާޖިރުބޭކަލުން ބޭނުންފުޅުވެ ވަޑައިގަތީ، އަބޫބަކުރުގެފާނަށް ވެރިކަން ދެއްވުމަށެވެ. މަދީނާގައި ތިއްބެވި އަންޞޯރިއްޔަ ބޭކަލުން  ބޭނުންފުޅުވެ ވަޑައިގެންނެވީ، ސަޢުދު ބުން ޢުބާދާއަށް ވެރިކަން ދެއްވުމަށެވެ. މިވާހަކަ ރިވާކުރެއްވި، ޙަދީޘަށް އިޝާރާތް ކުރައްވައި ޢުމަރުގެފާނު ވިދާޅުވެފައިވަނީ، މިޚުޠޫރަތްތެރި، ބަޙުޘްކުރުން ނިމިގެންދިޔައީ، މުހާޖިރުންނަށް ކާމިޔާބު ލިބިގެންނެވެ. މިކަން ހަމަޖެހި، ފައިޞަލާވެގެން ދިޔައީ، ޤުރުއާނާއި ސުންނަތުގެ މައްޗަށް ބެލެވިގެންނެވެ. އާދެ! މިހާރުގެ ގޮތުންނަމަ، ޤާނޫނު އަސާސީގެ މައްޗަށް ބިނާކޮށެވެ. ދުސްތޫރައި އެއްގޮތަށެވެ. އެދުވަހު، އަބޫބަކުރުގެފާނު ވެރިޔަކަށް ހެއްދެވުމަށް އިދިކޮޅު ހެއްދެވި ބަޔަކުވެސް ތިއްބެވިއެވެ. އެހެނީ، އެއްބަޔަކު ބޭނުންފުޅުވީ، އަންޞޯރިއްޔަ ބޭފުޅެއް ކަމުގައިވާ ޢުބާދާއަށް، ވެރިކަން ޙަވާލުކުރުމަށެވެ. އަނެއްބަޔަކު ބޭނުންފުޅުވީ، ޤުރައިޝުންގެ ތެރެއިން ޢަލީގެފާނަށް، ވެރިކަން ޙަވާލު ކުރެއްވުމަށެވެ. ކޮންމެއަކަސް، އަބޫބަކުރުގެފާނު ވެރިކަމާ ޙަވާލު ވެވަޑައިގެން، ފުރަތަމަ ދެއްވި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ. ފަހެ އަހުރެން، ރަނގަޅަށް ވެރިކަމުގެ ކަންތައް ކުރަމުންދާހާ ހިނދަކު، ތިޔަބައިމީހުން އަހަރެންނަށް އެހީތެރި ވާށެވެ. ފަހެ އަހުރެންނަށް ގޯހެއްހެދިއްޖެ ނަމަ، ފަހެ އަހުރެންނަށް ރަނގަޅުގޮތް އަންގައިދެއްވާށެވެ. ބުނެދެއްވާށެވެ. ފަހެ ސީދާމަގަށް އަހުރެން އަޅުއްވައި ދެއްވާށެވެ. އާދެ! މިކަމުންވެސް އިދިކޮޅު ޚިޔާލުފާޅު ކުރުމަށް، ފުރިހަމަގޮތުގައި ދަޢުވަތު ލިބެއެވެ. އަބޫބަކުރުގެ ފާނުގެ ވެރިކަމުގައި ދައުލަތުގެ ބައިތުލްމާލުން މީސްތަކުންނަށް، އެހީފޯރުކޮށް ދެއްވަމުން ގެންދެވިއިރު، އަބޫބަކުރުގެފާނު އެކަން ކުރައްވާ ގޮތާމެދު، ޢުމަރުގެފާނު ހިތްޕުޅުހަމަ ނުޖެހިގެން، އެކަމާފާޑު ވިދާޅުވިއެވެ. އަބޫބަކުރުގެފާނު އެހީފުޅުވެ ދެއްވަނީ، އެންމެންގެ މެދުގައި ހަމަހަމަވާ ގޮތަށެވެ. ނަމަވެސް ޢުމަރުގެފާނު، ދެކެވަޑައި ގަންނަވަނީ، ކުރިން އިސްލާމްވި މީހުންނައި އެނޫން މީހުންނާދެމެދު، ތަފާތުކުރެއް ވުމަށެވެ. ދެހިޖުރަ ކުރެއްވި މީހުންނާއި އެނޫންމީހުންނާ ދެމެދު، ތަފާތުކުރެއް ވުމަށެވެ. ދެޤިބުލައަށް ނަމާދު ކުރައްވާފައިވާ މީހުންނާއި އެނޫންމީހުންނާ ދެމެދު ތަފާތުކުރެއް ވުމަށެވެ. އެހެންކަމުން ރައްޔިތުންނަށް، ސަރުކާރުން އެހީދެއްވުމުގައި، ޢުމަރުގެފާނު، އެކަލޭގެފާނުގެ ވެރިކަމުގައި އެކަންކުރެއްވީ، އަބޫބަކުރު ގެފާނު އެކަން ކުރެއްވިގޮތާ އިދިކޮޅަށެވެ. މުރުތައްދުވި މީހުންނައި ކުރެވުނު ހަނގުރާމަކުރުމަށް، ޢުމަރުގެފާނު ކުރީކޮޅުގައި އަބޫބަކުރުގެފާނައި ދެކޮޅުހެއްދެވިއެވެ. ޢުމަރުގެފާނު ވެރިކަމަށް އިސްކުރެއްވުމުގައި، އަޞްޙާބު ބޭކަލުންގެ ތެރެއިން ޠަލްޙަތުގެފާނާއި ޒުބައިރުގެފާނު، އަބޫބަކުރުގެފާނާ ދެކޮޅު ހެއްދެވިއެވެ. އަންހެނަކު ޢުމަރުގެފާނުގެ ވެރިކަމުގައި ޢުމަރުގެފާނާ ދިމާއަށް، އިދިކޮޅު ހައްދަވައި ވާހަކަ ދެއްކެވުމުން، އެކަމާގުޅިގެން ޢުމަރުގެފާނު ވިދާޅުވި ބަސްފުޅުތަކުގެ ތެރޭގައިވެއެވެ. “އަންހެން ކަނބުލޭގެ އެވިދާޅުވީ ރަނގަޅަށެވެ. ޢުމަރަށް، މިހެދުނީ ގޯހެކެވެ.” ދެން އެއައްފަހު، ޢުމަރުގެފާނު އެކަންކުރަން ޤަޞްދު ކުރެއްވިގޮތް އުވާލެއްވި ވާހަކަފުޅު، އެންމެހައި ރައްޔިތުންގެ ތެރޭގައި، އިޢުލާނު ކުރެއްވިއެވެ. މިހުރީ ހައްތާހާވެސް ފާޅުކުރެވިފައިހުރި އިދިކޮޅު ޚިޔާލުތަކެވެ. ޢަޖައިބުވެ އަންތަރީސް ކުރުވަނީ، މިހާރުގެ ސަރުކާރުތަކުން، އިވެމުންދާ އަނިޔާވެރި އަޑުތަކުންނެވެ. ޖައްބާރު ޢަމަލުތަކުން ނެވެ. މަޝަވަރާ ކުރުމެއްނެތި ޚުދުމުޚްތާރުކޮށް ކުރަށްވާ ކަންތަކުންނެވެ. މިހާރުގެ ޒަމާނީ ރައީސުންނާއި ރަސްރަސް ކަލުންނާއި ވެރިން، ވެރިކަމުގެ އެންމެހާ ކަންތައް ކުރައްވަނީ މިގޮތައްތޯއެވެ؟ އާދެ! ރައީސް މައުމޫނުގެ ވެރިކަމުގެ ވަރަށް ކުރީކޮޅުގައި، މާބަނޑު އަންހެނަކު، ޓީވީބަލަން އިނދެފައި “ނާޞިރު، މައުމޫނަށްވުރެ މާރަނގަޅެވެ.” މިހެން ބުނެގެން އަޑުއިވުނު، މީހަކުކުރި ރިޕޯޓަކާގުޅިގެން، އެމައްސަލަ ތަޙުޤީޤުކޮށް ބެލުމަށްފަހު، އަނގަމަތީ މަސްދޯންޏަކަށް ލާފައި އެއަންހެނާ ރާއްޖެތެރެއަށް، އަރުވާލެވުނެވެ. އާދޭސް ދަންނަވަ ދަންނަވާ އޮއްވާފުރުވާލީ، އޭރުގެ ހޯމްމިނިސްޓަރުގެ ސީދާ އޯޑަރަށް، އެމިނިސްޓްރީގެ މިނިސްޓަރު އަތިރިމަތީގައި ހުންނަވައިގެން، އޭނާގެ ބެލުމުގެ ދަށުންނެވެ. ފަހެ، މިނިސްޓަރަކީ، އެދުވަސްވަރު ވަރަށް ހީވާގިކޮށް، މުޅިމާލެތެރޭގައި އެތަންމިތަނަށް ބައިސްކަލުގައި ދުއްވާ އުޅުއްވާ މުރާލިކަމަށް މަޝްހޫރު ވެގެންއުޅުއްވި، އަލްފާޟިލް ޢުމަރުޒާހިރެވެ. ރައީސް މައުމޫނަށް ތާއީދު ދިނުމަށްޓަކައި، މިހާރުއޭނާގެ ފަހުއުމުރުގެ ބަލިހާލުގައިވެސް އުޅުއްވަނީ ހަމައެ މަސައްކަތުގައެވެ. ފަހެ، ދަންނާށެވެ! މިފިލުވާލި ޙަސަދައަކީ، އެއަންހެން މީހާގެ ފިރިކަލުންނަކީ، ކުރީގެ ރައީސް ނާޞިރުގެ އަރިހުގައި ބަނޑޭރިއެއްގެ ގޮތުގައި މަސައްކަތްކުރި މީހަކަށް ވާތީ، އެރުޅިއެވެ. އެއީ މައްޗަންގޯޅި ސިލްވަރސީން ހަނދުވަރު ޙަސަން މަނިކެވެ. ރާއްޖޭގެ ފުރަތަމަ ޕީއެޗްޑީ ޙަސިލުކުރުމުގެ ފަޚުރުހޯއްދެވި، ޑޮކްޓަރު މުޙައްމަދު ވަޙީދުޙަސަން މަނިކަކީ، އެއަންހެނާގެ ދޮށީފިރިހެން ދަރިފުޅެވެ. ޑޮކްޓަރ ވަޙީދަށާއި ވަރަށް ގަނަދިވެހި ދަރީންނަށް، ކުރީގެ ރައީސް ނާޞިރު މެދުވެރިވެގެން ދިވެހި ސަރުކާރުން، މަތީތަޢުލީމު، ރާއްޖެއިން ބޭރަށް ފޮނުއްވައިގެން ކިޔަވައި ދެއްވިއެވެ. ޚާއްޞަކޮށް އެންމެމަތީ ތަޢުލީމަށް ދިވެހި ދަރިން، ރާއްޖެއިން ބޭރަށް ފޮނުއްވަން ފެއްޓެވީ ރައީސް ނާޞިރެވެ.

ފަހެ، ދަންނާށެވެ! އިދިކޮޅުޕާޓީގެ ރޫޙަކީ އިސްލާމްދީނުގައި ފުރިހަމައަށްއޮތް އަޞްލެކެވެ. ފަހެ އެއީ، އިސްލާމީ ޑިމޮކްރަސީގެ ކާނާއެވެ. ފުރާނައެވެ. ދިރުމެވެ. ވިންދެވެ. ރޫޙެވެ. އަދި އެޑިމޮކްރަސީގެ ފުރިހަމަކަމާއި ރީތިކަމެވެ. އިސްވެ ދެންނެވުނު ޢިބާރަތްތަކުން، އެޒަމާނުގައި އޭރުވެސް ދެޕާޓީއެއް އޮތްކަން، ކިތެންމެހާވެސް ރަނގަޅަށް ދޭހަވެއެވެ. ދެޕާޓީން ދެވެރިން، ނުވަތަ އެއަށްވުރެ ގިނަޕާޓީން ވެރިންތަކެއް، ދައުލަތުގެ ވެރިކަމުގައި ބޭތިއްބުމަކީ، އެއްގޮތަކަށް ވެސް ކުރެވޭނެކަމެއް ނޫނެވެ. އެއީ، ބޮޑުގޯހެކެވެ. ހުއްދަ ކުރެވޭނެ ކަމެއްނޫނެވެ. ހުންގާނުގައި ހިފޭނީ، އެންމެމީހަކަށެވެ. ދެން އަޅުގަނޑު ބަލާލާނީ ހުޅަގުން ދިރުވައިގެން މިއުޅޭ ލިބަރަލް ޑިމޮކްރަސީ ދުނިޔެއަށް އުފަންވި ގޮތާދިމާއަށެވެ.

ދުނިޔެއަށް ޑިމޮކްރަސީ އުފަންވިގޮތް:

ލަފުޒީގޮތުން އަލްދީމަޤުރާޠިއްޔާ، (Democracy) ޑިމޮކްރަސީއަކީ، ޔޫނާނީ ބަހުގެ ދެކަލިމައިން ތަރުކީބު ކުރެވިގެންރޭވި، އުފެދިފައިވާ އެއްކަލިމައެވެ. ބަހެކެވެ. އެދެކަލިމަ އަކީ، Demos (ރައްޔިރުން) އާއި Kratos (ޙުކުމް ނުވަތަ ބާރު) އެވެ. އެބަހުގެ މާނައަކީ، ރައްޔިތުންގެ ޙުކުމެވެ. ނުވަތަ ރައްޔިތުންގެ ވެރިކަމެވެ. އެހެންގޮތަކަށް ދަންނަވަނީ ނަމަ، ރައްޔިތުން ހޮވައި، އަދި އިންތިޚާބު ކުރައްވާފައި ތިއްބަވާ ބައެއްގެ އަޣުލަބިއްޔަތުން ނުވަތަ އިއްތިފާޤުން ވެރިކަން ހިންގުމާއި ޤާނޫނުތައް ހަދާއި ޝަރުޢުކުރުމެވެ. އަދި ތަންފީޒުކޮށް ހިންގުމެވެ. މިއީ މިކަން ތާރީޚީ މަޞްދަރުތަކުން ފެންނަންހުރި ގޮތެވެ. ޔޫނާނޭކިޔުނު ދައުލަތަކީ، ޤަދީމީގްރީކް، (Greek) އެވެ. ގްރީކަކީ، މިހާރުގެ ގްރީސް، (Greece) އެވެ. ގްރީސްގެ ވެރިރަށަކީ، އެތެންސް (Athens) އެވެ.

މިކަހަލަ މައުޟޫއަކަށް އިންޞާފު ކުރެވޭތޯ ބަލަމުންދާ ވަޤުތެއްގައި، ދެން އަޅުގަނޑު ބަލާލާނީ، ރައްޔިތުންގެ ޙުކުމޭ ނުވަތަ ރައްޔިތުންގެ ވެރިކަމޭ ބުނުމުން އެވެރިކަމަކީ، ސީދާކޮށް ހަމައެކަނި ރައްޔިތުންގެ ފަރާތުން، އަމިއްލައަށް ހިންގާ ވެރިކަމަކަށް ވެގެންދާނެތޯއެވެ. ނުވަތަ އެވެރިކަމަކީ، ރައްޔިތުން ޤަބޫލުކުރާ، އެމީހުން ހިތްހަމަޖެހޭ ވެރިކަމެއްތޯ ބަލައިލުމެވެ. ކުރީ ޒަމާނުގައި ޑިމޮކްރަސީ ވެރިކަމުގެ ނަމުގައި ޔޫނާނު، (Greek) އާއި ރޯމާ، (Roma) ގައި ހިންގާފައިވާ ސަރުކާރުތަކުގެ ތަޖުރިބާތަކުން އަޅުގަނޑުމެންނަށް، ނެރެދީފައިވާ ނަތީޖާއަކީ، ރައްޔިތުން އަމިއްލައަށް، ރައްޔިތުންގެ ބާރާއި ނުފޫޒުގައި ހިންގާފައިވާ އެއްވެސް ވެރިކަމެއް ނުވާކަމެވެ. ހުރިހާމީހުން ވެގެން ވެރިކަމުގެ ނިޒާމެއް ހިންގިފައި ނެތްކަމެވެ. އަދި ކިތަންމެ މީސްކޮޅުމަދު ރަށެއްގައި ނަމަވެސް، ރައްޔިތުން އެންމެން ވެރިކަމުގައި ޝާމިލްވެގެން، ވެރިކަމާ ކުރިމަތިލައިގެން ހިންގޭނެ ވެރިކަމެއް ނުފެންނާނެ ކަމެވެ. އަދި އެއީ ޢަމަލީގޮތުން ދެއްކިދާނެ ޒާތުގެ ވެރިކަމެއްވެސް ނޫނެވެ. އެެންމެންއެކުގައި ހުރިހާމީހުން ވެރިކަމާއުޅުމަކީ، އެތަނެއް ހަލާކުވުމެވެ. ބަރުބާދުވެ ފަސާދަވުމެވެ. ރޯމާއަކީ، މިހާރުގެ އިޓަލީގެ ވެރިރަށެވެ. ބޮޑުފާދިރީކަލޭގެ ބާބާ (ބޮޑުޕޯޕު) ގެ މަރުކަޒެވެ. ރޯމާއޭ ކިޔުނުދައުލަތް އުފެދުނީ، މީލާދީތާރީޚު ޖަހަންފެށުމުގެ، 753 އަހަރުކުރީގައެވެ. މިމީހުންނަކީ ހަނގުރާމަތައް ކޮށް، އިޖްތިމާޢީ އޮޅުންތަކާއި ގަޑުބަޑުތައް ޙައްލުކޮށް ޑިމޮކްރަސީ ނިޒާމުގެ ރުކުންތައް ހަރުދަނާކުރި ބައެކެވެ. ރޯމަނުންނަކީ، އެތައްރަށަކަށް ބެހިފައިވާ ދިހަމިލިއަނެއްހާ މީހުންއުޅުނު އެތެނިކް ގްރޫޕަކަށް ކިޔޭނަމެކެވެ.

އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، އަޅުގަނޑަށް ބުނަން ހުއްދަކުރަނީ، ޑިމޮކްރަސީ ޙުކުމަކީ، ހަމައެކަނި އެންމެ ފަރުދެއްގެ ޝަޚުޞީޙުކުމެއް ނޫންކަމެވެ. ހަމައެކަނި މަތީދަރަޖައިގެ ބޭފުޅުން ކޮޅެއްގެ ޙުކުމެއް ނޫންކަމެވެ. ފަންޑިތަ އިސްތިރީގެ ބޭފުޅުން ކޮޅެއްގެ ޙުކުމެއްނޫންކަމެވެ. ފާލުވެރިންނާއި ކާހިނުންނާއި އަތްބެލުން ތެރިންގެ ޙުކުމެއް ނޫންކަމެވެ. ސީދީންނާއި ވިޔަފާރި ވެރިންގެ ޙުކުމެއް ނޫންކަމެވެ. ޤާޟީންނާއި ފަޑިޔާރުންނާއި މުއްލާއިންގެ ޙުކުމެއް ނޫންކަމެވެ. ސިފައިންގެ ގަދަފަދަ އަމުރުވެރި ޙުކުމެއް ނޫންކަމެވެ. ވަލީވެރިންގެ ޙުކުމެއް ނޫންކަމެވެ. އަދި މިބާވަތުގެ ޙުކުމްތަކުގެ އިތުރަށް، އެންމެންވެސް ދަންނަ ގޮތުގައި އެއީ އެންމެމީހެއްގެ ޝަޚުޞީޙުކުމެއް ނޫނެވެ. އަދި އެއީ މިއިން ސިފައެއްގައި އޮންނައެހެން ފާޑެއްގެ ޙުކުމެއްވެސް ނޫނެވެ. ވަކިދަރިކޮޅެއްގެ ވަކިޢާއިލާއެއްގެ ކަމެއްނޫނެވެ. އިސްވެދިޔަ ބާވަތްތަކުގެ ތެރޭން ބާވަތަކަށް ޑިމޮކްރަސީ ވެރިކަމެކޭ ނުބުނެވޭނެއެވެ. އަދި ނުވެސް ކިޔޭނެއެވެ.

ފަހެ، ދަންނާށެވެ! ބައެއް ޢިލްމީމުބާޙިޘުން ޤަބޫލުކުރާ ގޮތުގައި ސުމާ، (Sumer) ދަރިކޮޅު މީހުންނަކީ، އެންމެފުރަތަމަ ޑިމޮކްރަސީ ހަމަތަކެއް، ޤަދީމީ މެސޮޕޮތާމިޔާ(Ancient Mesopotamia) ގައި އުފެއްދި ދަރިކޮޅެވެ. މިއީ މިހާރުގެ ޢިރާޤުހިމެނޭ ސަރަޙައްދުގައި ދިރިއުޅުނު ބައެކެވެ. އެހެނަސް ގިނަދުވަސް ތަކެއް ނުވެމިވެރިންގެ ޑިމޮކްރަސީވެސް ޝަޚްޞީބާރު ތަކަކަށް ބަދަލުވެގެން ހިގައްޖެއެވެ. ދެން ޑިމޮކްރަސީއެއް، ދުނިޔޭގައި ފާހަގަކުރެވިފައި ވަނީ، ޤަދީމީ ހިންދޫން (Ancient India) ގެތެރޭގައި ރިކްވީދާ (Rigveda) އަށް ޢަމަލުކުރި ދުވަސްވަރުގައެވެ. މިއީ އެމީހުން ބޯލަނބައި ހިތުގެއަޑިން ބަލައިގަނެފައިވާ ކީރިތިވެގެންވާ މުޤައްދަސް ފޮތެކެވެ. މިފޮތުގައި ޑިމޮކްރަސީއާބެހޭ ބާބެއް އޮތްކަމަށް ބުނެވެއެވެ. ދެންއައީ، ޤަދީމީޔޫނާން،  (Ancient Greece) މީހުންގެ އެތެނިއަން ޑިމޮކްރަސީ އުފަންވި ދުވަސްވަރެވެ. ދެން އެއަށްފަހު ރޯމަނުންގެ ޑިމޮކްރަސީގެ އޮފްދާރު ދުވަސްވަރެވެ. މިއީ ޑިމޮކްރަސީއޭ މިކިޔާޚިޔާލީ ފަލްސަފާގެ ގޮނޑިކޮއްކޮ، ދުނިޔެއަށް އުފަންކުރި އެދުރުން އުފެދުނު ދުވަސްވަރެވެ. ޑިމޮކްރަސީގެ ނަމޫނާ ފަލްސަފާ ގޮނޑިކޮއްކޮއިން ތަކެއް އެވެރިން އުފެއްދިއެވެ. އީޖާދުކޮށް ދުނިޔެއަށް ދެއްކިއެވެ. ތަފާތު ފަލްސަފާވެރިން ތަފާތުގޮތްގޮތަށް ޑިމޮކްރަސީ ސިފަކޮށް ބަޔާން ކޮށްދިނެވެ. ފަތްފުށްތައް ލިޔުނެވެ. އެފަލްސަފީ ބުދުކޮއްކޮ ސިފަކުރިލެއް މޮޅުކަމުން މިހާރުވަނީ، މުޅީދުނިޔެއަށް ބޮޑުވަބާއަކަށް ވެފައެވެ. އާދެ! ދެން މިސިލްސިލާއާ ގުޅާލެވެންއޮތީ، މިހާރުމިފެންނަ މޮޑަން ޑިމޮކްރަސީއާއި ޒަމާނީޑިމޮކްރަސީ އުފަންވާން ފެށިދުވަސް ބަރާއެވެ. އެއީ މީލާދީން، 12 ސަތޭކައިގެ ތެރޭގައި އިގިރޭސި ވިލާތުން ހިއްލާލި ލިބަރަލް ޑޮމިކްރަސީ އެއްގެ އަޑުތަކެވެ. މެގްނާކާޓާއެއްގެ ވާހަކައާއި އިންސާނީޙައްޤު ތަކުގެވާހަކައާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައިގެ އަޑުތަކެވެ. އަންހެނުންގެ ޙައްޤުތަކުގެ ނަމުގައި އެންމެމަތީ ސަންދާނުގައި ކަމަނާއިން ވެޑުވުމާއި އުއްތަމަ ފަޑިޔާރުކަމާއި ޤާޟީކަން، އަންހެނުންނަށް ދިނުމުގެ ވާހަކަތަކެވެ. މިހާތަނަށް އައިއިރު “ޑިމޮކްރަސީ” މިލަފުޒުގެ ކުރިޔަށް އިތުރުނުކުރާ އެއްވެސް ބަހެއްނެތެވެ. ތަފާތުސިފަތަކާއި ތަފާތުއުޞޫލުތަކުގެ ރީތިރީތި ޑިމޮކްރަސީތައްވަނީ އުފައްދާފައެވެ. ފަރިފަރި ނަންތައްވަނީ ދީފައެވެ. ފަހެ، ވިސްނާލަންޖެހެނީ، މިނުކުތާއަށެވެ! މިއިންދޭހަވާ އެއްޗަކީ، ޑިމޮކްރަސީއަކީ، ވަކިމީހެއްގެ ވަކިވަށްތަރަކަށް ލިމިޓުކޮށް ލެވިފައިވާ އެއްޗެއްނޫން ކަމެވެ. އެހެން ޢިލްމުތަކެކޭ އެއްގޮތަށް އެޢިލްމުވެސްއޮތީ ހުޅުވިފައިކަމެވެ. އިސްލާމުން ޑިމޮކްރަސީއޭ ކިޔަންބޭނުން ނަމަ، ކިޔަންޖެހޭނީ، އިސްލާމީ އަޞްލުތަކާއި މަޞްދަރުތަކައި އެއްގޮތަށެވެ. ޢިލްމަކީ، ވަކިބައެއްގެ މިލްކެއް ނޫނެވެ. އެދޮރުއޮތީ، މުޅި އިންސާނިއްޔަތަށް ހުޅުވާލެވިފައެވެ. އެމީހަކަށް ވީވަރަކުން ހޯދާއި ދަސްކޮށް އުނގެނެންވީއެވެ. ހަނދަށް އަރަންވީއެވެ. އަދި އެހެން ޕްލެނެޓްތަކަށް ވެސް އެރޭތޯބަލަން ވީއެވެ. ފަޒާތެރޭގައި މަރްކަޒެއް ބިނާކޮށްގެން، ދިރިއުޅެވޭތޯ ވެސް ބަލަންވީއެވެ. އިންސާނުން ދިރިއުޅޭނެ އާދުނިޔެއެއް ހޯދޭތޯބަލަން ވީއެވެ. އެހެނަސް އަމިއްލަ ޢަޤީދާއާއި އިސްލާމް ދީނުގެޙުދޫދުގެ ތެރޭގައެވެ. ﷲއާއި ﷲގެ ދީނަށް ޗެލެންޖު ނުކޮށެވެ.

ފަހެ، ދަންނާށެވެ! ދެންއޮތީ، ރައްޔިތުން ޤަބޫލުކުރާ އަދި ހިތްހަމަޖެހޭ ވެރިކަމަކީ، މިކިޔާ ޑިމޮކްރަސީ ޙުކުމްތޯ ބަލައިލުމެވެ. އަޅުގަނޑުމެން އެންމެހާ ރައްޔިތުންގެ ވެރިކަމަކީ، ރައްޔިތުން ޤަބޫލުކުރާ ހިތްހަމަޖެހޭ ވެރިކަމެކޭ ބުނެފިއްޔާ، އެއްގޮތަކުން އެއީވަރަށް ޞައްޙަބުނުމެކެވެ. ލާމަސީލުމޮޅު ތަޢުރީފެކެވެ. އަނެއްގޮތަކުން އެއީ ނާޤިޞް، އަދި ވަރަށްއުނި ބުނުމަކަށް ވެދާނެއެވެ. ޑިމޮކްރަސީ ވެރިކަމަކަށް މިތަޢުރީފަކީ، ނާޤިޞް އެއްޗަކަށްވާ ޙާލަތަކީ، އަޅުވެތިކަމާއި އަމިއްލަ ޝަޚުޞީބާރުގެ އިސްތިބްދާދީ ޙުކުމެއް ޤަބޫލުކޮށް ހިތްހަމަޖެހި، ރައްޔިތުން އަޅުވެތި ބަޔަކަށް ވެގަނެގެން، އެކަމާމެދު ކުރެވޭނެ އިޢުތިރާޟެއް ނެތްކަމަށް ދެކޭން ފަށައިފިނަމައެވެ. އެންމެހާ ރައްޔިތުންނަކީ، މިފާޑުގެ ބަޔަކަށް ވެއްޖެނަމަ، ޑިމޮކްރަސީ ވެރިކަމަކަށް ރައްޔިތުން ޤަބޫލުކުރާ ހިތްހަމަޖެހޭ ވެރިކަމެކޭ ބުނުން ޙައްޤެއް ނުވާނެއެވެ. މިނަޒަރިއްޔާގެ ދަށުން މިމާނައަށް ނަޒަރުކޮށްފިނަމަ، ޑިމޮކްރަސީ ޙުކުމްފިޔަވާ އެހެންޙުކުމެއް، އުންމަތް ތަކުގައި އެކިއެކިދައުލަތްތައް އުފެދި، އެކިފާޑުފާޑުގެ ރަސްރަސް ކަލުންނާއި ވެރިންގެ އަމުރުތައް ހިންގަންފެށުނު ފަހުން، ފެނިފައެއް ނުވާނެއެވެ. އެހެންވުމުން ޑިމޮކްރަސީ ވެރިކަމަކީ، ހަމައެކަނި ރައްޔިތުން އަމިއްލައަށް ހިންގާ ވެރިކަމަކަށް ނުވެއެވެ. އަދި ރައްޔިތުން ޤަބޫލުކުރާ ހިތްހަމަޖެހޭ ވެރިކަމަކަށްވެސް ނުބެލެވެއެވެ. މިދެސިފައިންކުރެ ސިފަ އަކަށް ޑިމޮކްރަސީ ޙުކުމް، ނުވަނުމުން ބެލެވޭނީ އެހެންހުރިހާ ނިޒާމު ތަކަކާ ޚިލާފަށް، ޑިމޮކްރަސީ ނިޒާމުގައި ހުންނަންވީ މުޅިންއެހެން އަސާސީ ސިފައެއް ކަމުގައެވެ. ހުޅަގުން މިހާރު ނެރެދަށްކައިގެން މިއުޅެނީ ބޮޑުބުހުތާނެއް ކަމުގައެވެ. ޢަމަލީއެއްޗެއް ނޫންކަމެވެ. ފަހެ، ހުރިހާ ވިސްނުމެއްވެސް ވިސްނަންފެށުނީ މިކަމާހެދިއެވެ. ސަމާވީ ބާއްވާލެއް ވުންތައް ދޫކޮށްލުމަށް ފަހު، އަމިއްލަފަލްސަފާ ތަކެއްގެ މައްޗަށް ޑިމޮކްރަސީއެއް ވުޖޫދަށް ގެންނަން ޖެހިގެން މިއުޅެނީވެސް މިކަމާހެދިއެވެ. ﷲ، ޝަރުޢުކުރެއްވި ޝަރީޢަތްތައް ބޮލާޖެހުމަށްފަހު، ޤަޞްދުގައި ރައްޔިތުން ދީނައި ދުރަށް ޖެއްސުމުގެ ބޭނުމުގައި އުފެއްދި ވެރިކަމުގެ ނިޒާމުގައި ހުރިހަރުދަނާކަން، މިދަނީ ވަރަށް ރީއްޗަށް ތަޖުރިބާ ކުރެވެމުންނެވެ. ފެންނަމުންނެވެ. އެހެންވުމުން ޑިމޮކްރަސީގައި ހުންނަންވީ ޙަޤީޤީސިފަ ބަޔާންކޮށްދެވެން އަންނަނީ އަޞްލުޙަޤީޤަތާ ދިމާއަށް އެބުރި ރުޖޫޢަވެވިގެންނެވެ. އިސްލާމްދީނަށް ރުޖޫޢަނުވެ، މުޖްތަމަޢުގެ ފުރިހަމަ ކަމާއި ވެރިކަންކުރުމުގެ ނިޒާމުގެ ފުރިހަމަކަމެއް ނުފެންނާނެއެވެ. ނުދެއްކޭނެއެވެ. ޙާޞިލެއް ނުކުރެވޭނެއެވެ. ލިބިއެއްނުގަނެވޭ ނެއެވެ. އާދެ! ޑިމޮކްރަސީއޭ މިކިޔާވަބާ ދުނިޔެއަށް އުފަންކޮށް، އީޖާދުކުރިމީހުން ޤަބޫލުކުރާ ގޮތަކީވެސް، ޑިމޮކްރަސީ ވުޖޫދަށް އަންނަންޖެހުނީ، މިސަބަބުތަކާ ހެދިއެވެ. ސީދާގޮތް ކަމުގައިވާ ދީން އަމިއްލައަށް އޮޅުވާލައި މަގުފުރެދުމުގެ ސަބަބުން، ވިސްނަންޖެހުނު ވިސްނުން ތަކެއް، އަޅުގަނޑުމެންގެ ރަސޫލާމުޙައްމަދުގެފާނު މެދުވެރިކޮށް ބާއްވާލައްވައި ފުރިހަމަ ކޮށްދެއްވާފައިވާ އިސްލާމްދީނަށްވުރެ ފުރިހަމަވާނެތޯއެވެ؟ ޝައްކެއް ނެތްގޮތުގައި ނުވާނެއެވެ! ޙައްޖަތުލް ވިދާޢުގައި އިސްލާމްދީނު ފުރިހަމަވެގެން ދިޔައިރު، އޭގެކުރިން ދުނިޔޭގައި ހިނގާދިޔަ ހުރިހާކަމަކާއި، ފަހުން ހިނގާނެހުރިހާ ކަމެއްވަނީ ޢަޒުލްގައި، ﷲގެ ޢިލްމުގައިކަން އަޅުގަނޑުމެން އެއްވެސްމީހަކު ކަޑަވެސް ޝައްކެއްކުރުމެއް ނެތި، ހިތުގެއަޑިން ޤަބޫލުކުރަމުއެވެ. ޑިމޮކްރަސީއޭ މިކިޔާވަބާގެ ވިސްނުންތަކަކީ، އެއްގޮތަކަށްވެސް އިސްލާމުން ޤަބޫލުކޮށްގެންވާނެ ވިސްނުންތަކެއް ނޫނެވެ. އެއީބާޠިލު ނަޒަރިއްޔާއެކެވެ. އާދެ! އެއަށްޖެހޭނީ، އިސްލާމީ ކުލަޖައްސާއި އިސްލާމީފޭރާން ލައްވާށެވެ. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނީ، އިސްލާމީ އަޞްލުތަކުގެ މަތީގައި ބިނާކުރެވޭ، “އިސްލާމީ ޑިމޮކްރަސީ” އެވެ. އިސްލާމީ ޑިމޮކްރަސީގެ މަޞްދަރަކީ، އިސްލާމީ އަޞްލު ތަކެވެ. އިސްލާމީ ޝަރީޢަތެވެ. އދ.ޖަމާޢަތުގެ ޤަރާރުތަކާއި ހަމަތަކަށް ބަލައިފިނަމަ، ދެންޖެހޭނެ ތަނަކީ، ވާހަކަދެއްކުމުގެ މިނިވަންކަމުގައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމުގައެވެ. ސިޔާސީ މިއޮއިވަރަކީ، ޞަހްޔޫނިއްޔަތު،  (Zionism) ދުނިޔެއަށް ފެތުރުމުގެ އަޞްލެވެ. ދުނިޔެއިން ޞަހްޔޫނިއްޔަތު ފޮހެލުމަށް ޒުވާން މުސްލިމް ޖީލްތަކަށް ދަސްކޮށްދޭން ޖެހެނީ މިސަބަބައި ހެދިއެވެ. ފަހެ، މިއީ މުޅިންވަކި މައުޟޫއެކެވެ. އެހެން ފުރުޞަތެއްގައި އަލިއަޅުވާލެވޭތޯ ބަލާނަމެވެ. އިންޝާﷲ!

އާދެ! ދެކެދެނެތިބެ ދަންނާށެވެ! ދުނިޔެއަށް ޑިމޮކްރަސީ ނިޒާމު އުފަންކުރީ ޔޫނާނުގެ ކުރީގެވެރިރަށެއް ކަމުގައިވާ ސްޕާރޓާ، (Sparta) ގައެވެ. މިހާރު މިއީ، ދެކުނު ގްރީސްގެ ރަށެކެވެ.   އެކިއެކި ފަލްސަފާތަކާއި އެކިއެކިފިކުރީ ދިރާސާތުގެ ހިތެއްކަމުގައިވާ އަޘީނާ، (Athina) އަކު ނޫނެވެ. މިހާރުމިރަށަކީ، ގްރީސްގެ ވެރިރަށް އެތެންސް، (Athens) އެވެ. މިޙަޤީޤަތް ތިޔައިން ކޮންމެ ބޭފުޅަކަށްވެސް އޮޅުންފިލާފައި އޮތުމަކީ، ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. ޑިމޮކްރަސީނިޒާމު އޭގެޠަބީޢަތުގައި އެދުވަސްވަރު ފެށިފައިވަނީ، ފިކުރީނިޒާމެއްގެ ގޮތުގައި ރައުޔުތަކަކާއި މަބްދައު، (Principle) ތަކަކަށް ވިސްނާ ބަޙުސްކޮށް ހެދުމަކުން ނޫނެވެ. ކުރިމަތިވަމުން، ހިނގަމުންދިޔަ ވާޤިޢާތަކެއްގެ އިޞްލާޙީ ބޭނުމަށް ޤައިމުކުރެވުނު ޢަމަލީނިޒާމެއްގެ ގޮތުގައެވެ.

ޑިމޮކްރަސީ ނިޒާމު ފެށިފައިވަނީ، މީލާދީތާރީޚު ޖަހަންފެށުމުގެ، 8 ޤަރުނު (800 ސަތޭކައަހަރު) ކުރީގައި ސްޕާރޓާގައި ދިރިއުޅުއްވި ލައިކޫރގުސް (Lycurgus) އޭ ކިޔުނުބޭކަލެއްގެ މިންނަތް މަސައްކަތުން ކަމުގައި ބުނެވެއެވެ. އޭނާއާބެހޭ ގޮތުން މިޞްރުގެ މުއައްރިޚެއް ކަމުގައިވާ ޢައްބާސް މަޙްމޫދު އަލްޢައްޤާދު ފަދަ ބައެއްލިޔުއްވުން ތެރިބޭފުޅުން ލިޔުއްވާފައިވަނީ، އޭނާ މިނިޒާމު އުފެއްދުމަށްޓަކައި ފައްޅިއަށްގޮސް އޭނާގެ އިލާހުގެ ގާތުން މަޝްވަރާ ކުރުމުން، ކަލެއަކީ ތިމަންނާރުހޭ މީހެއްކަމާއި ކަލެއަކީ، ތިމަންނާދެކެ ލޯބިވާ މީހެއްކަމައި، އަދި މިނިޒާމުގެ ބިންގާބެހެއްޓުމުގެ ހުއްދަދެއްވައިފި ކަމަށް އިލާހުގެ ބަސްފުޅު ލިބުނީކަމަށެވެ. މިއީ ކަނޑައެޅިގެން ޚުރާފާތެވެ. ބާޠިލުވާހަކައެވެ. ފަހެ، މިއީ އޭނާގެ އަމިއްލަވިސްނުމާއި ޔަހޫދީ ބުއްދީން އުފެއްދި އުފެއްދުމެއްކަން ކަށަވަރެވެ. މީނާ އަށް ޤަދީމީޔޫނާނުގައި ދެވިފައިވާ ނަމަކީ، “ސްޕާރޓާގެ ބަފާ” މިލަޤަބެވެ.

ލައިކޫރގުސް އުފަންކުރި މިޑިމޮކްރަސީ ނިޒާމަށް ވީގޮތެއްކަމަށް ބުނެވެނީ، ރައްޔިތުން އިންތިޚާބު ކޮށްފައިތިބި، ރައްޔިތުންގެ މަންދޫބުން ހުށަހަޅާ ހުށަހެޅުންތައް ޝަރުޢުކޮށް ތަޞްދީޤު ކުރުމުގައި އޭނާގެ ޝަރުޠުތަކާއި ނުފޫޒު ގަދަކޮށް ވަކިބައެއްގެ މައްޗަށް ހަމަހަމަކަމާއި މުއްސަނދިކަން ބެހެއްޓުމަށް ލާޒިމް ކުރުމުންއޮތީ އޭނާގެ ހަލާކައި ހަމައަށް ގޮސްފައި ކަމަށެވެ.

ހަމައެހެންމެ ޑިމޮކްރަސީގެ ނަމުގައި އަޘީނާގައި ރައްޔިތުންގެ ވެރިކަން ހިނގަމުން އައިކަމަށް ބުނެވެނީ، އަބަދުވެސް ރައްޔިތުންގެ ސަރުކާރަކީ، ވަކިފަރުދުން ކޮޅެއްގެ އަތްމަތީގައި ދެމިއޮތްބާރެއް ކަމަށެވެ. އޭގެތެރެއިން އެންމެ ބާރުގަދަ މަޝްހޫރުމީހުންނަކީ، ވެރިކަމުގެޙުކުމްކުރާ މީހުންނެވެ. އަދިބާރާއި ނުފޫޒުގެ އަހުލުވެރި، އަމުރުވެރީންނެވެ. އެގޮތުން، ޑިމޮކްރަސީގެ މުއައްސިސުން ގޮތުގައި ފާހަގަކޮށްލެވޭ ބައެއް ފަލްސަފީ ޢިލްމު ވެރިންނަކީ، ސޮލޯން   (Solon 638bc-558bc) އެވެ. މީނާއަކީ އަޘީނާގައި އުފެދުނުވަރަށް މަޝްހޫރު ސިޔާސީމީހެކެވެ. ޕިޒިސްތްރޭތަސް (Peisistratus 700bc-630bc) އެވެ. މީނާއަކީ، އަޘީނާގެ މަޝްހޫރު ރަސްކަލެކެވެ. ކްލިސްތެންސް (Cleisthenes) އެވެ. މީނާއަކީ، 501 ބީސީގައި އަޘީނާގައި އުޅުއްވި ސިޔާސީ މީހެކެވެ. ޕްރިކްލަސް (Pericles 495bc-429bc) އެވެ. މީނާއަކީ ވެސް އަޘީނާގައި އުޅުއްވި ސިޔާސީމީހެކެވެ. މިއީއިސްލާޙީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޮޑެތި ފަލްސަވީ، ޢިލްމުވެރިން ނެވެ. ސިޔާސީ ލީޑަރުންނެވެ. މިގޮތުން އަޘީނާގައި އިޞްލާޙީ ޙަރަކާތެއް ފެށުނީ، ސްޕާރޓާގައި އެޙަރަކާތް ފެށުނުތާ ސަތޭކަވަރަކަށް އަހަރުފަހުން، އަޘީނާގެ މިދެންނެވި ފަލްސަފާވެރި، މީސްމީހުންގެ އަތްމަތީގައެވެ.  މިއެންމެންނަކީ ވެސް ޑިމޮކްރަސީ އިޞްލާޙަށް މަސައްކަތް ކުރެއްވި ފިކުރީ ޚިޔާލާތުގެ މަޝްހޫރު ރިފޯމިސްޓުންނެވެ. މުދާވެރިންނާއި ބިމުގެ އަހުލުވެރިންގެ މެދުގައި އުފެދޭ އެކިއެކި ފިތުނަތައް ނައްތާލުމަށް، ސޮލޯން އެކިއެކި ޝަރީޢަތްތަކާއި އެކިއެކިދުސްތޫރުތައް އަމިއްލައަށް ފަރުމާކޮށް، އުފެއްދިއެވެ. މިގޮތުން ދުވަހަކަށްވުރެ ދުވަހެއް އިޞްލާޙުގެ ދާއިރާފުޅާކުރަމުން ގޮސް ހުރިހާފާޑެއްގެ ކަންކަންކަމަށް ޤާނޫނުތަކާއި ޤަވާޢިދުތައް އުފެއްދިއެވެ. އޭގެ ނަތީޖާއަކަށްވީ، އަޘީނާގެ ދުސްތޫރުތައް ޝަރުޢުކޮށް ފާސްކުރާ މަޖިލިސް އެކުލެވުނީ، އިންތިޚާބުކުރެވޭ ފަސްސަތޭކަ މެމްބަރުންގެ މައްޗަށް ކަމަށެވެ. އެރަށުގައި އޮންނަ ދިހަޤަބީލާގެ ތެރެއިން ކޮންމެ ޤަބީލާއަކުން ފަންސާސް މަންދޫބުންނެވެ. އެޤަބީލާތައް ބެހިގެންވަނީ، އެކިއެކިދިމާގައި ދިރިއުޅެމުންދާ އެކިއެކިދަރިކޮޅު ތަކުގެ މައްޗަށެވެ. އެއްގޮތަކަށް ވެސް އެއްހިސާބުގަޑެއްގައި ދިރިއުޅޭ އެއްބައެއްގެ މައްޗަކަށް ނޫނެވެ. ކަން މިހެންއޮތަސް މިއިން އެއްވެސް ޒަމާނެއްގައި ވެސް ޙުކުމްކުރުމުގެ މިޢިލްމީ، ފަލްސަފާތަކުގެ މަޤްޞަދު ޙާޞިލެއް ނުވެއެވެ. ރައްޔިތުންނަށް ބާއްޖަވެރި، ފަހިދިރި އުޅުމެއް ނުދެއްކެއެވެ. ހޯދައެއް ނުދެވެއެވެ. މިމަސައްކަތް ވަނީ، އޮފްދާރު ނިވާފަތްގަނޑަ ކަށެވެ. ޝަޚްޞީބާރާއި ނުފޫޒުގެ ބޭނުންހިފަނީ، މިއޮފްދާރު ނިވާފަތް ގަނޑުގެ ބިއްދަށުގައި ފިލާތިބެގެންނެވެ.

އެރިސްޓޯ، (Aristotle 384bc-March07, 322bc) މީނާއަކީ، ވަރަށް މަޝްހޫރު ޤަދީމީގްރީކުގެ ވަރަށްޢިލްމީ، ފަލްސަފާވެރިއެކެވެ. އަދި މީނާއަކީ، ޤަދީމީގްރީކުގެ ފިކުރީ، ފަލްސަފާވެރިއެއް ކަމުގައިވާ މަޝްހޫރު ޕްލަޓޯ، (Plato 428/427bc- 348/347bc) ގެ ދަރިވަރެކެވެ. އަދި އެލެކްޒެންޑަރ ދަގްރޭޓް، (Alexander the Great) ގެ އުސްތާޒެވެ. މީނާދެކެ ވަޑައިގަންނަވާ ގޮތުގައި ޑިމޮކްރަސީގެ މިފާޑުތަކަކީ، ގިނަބައެއްގެ ޙުކުމުން ފަރުދެއްގެ ޝަޚްޞީޙުކުމަށް ވެއްޓުމެވެ. ކާމިޔާބު އެއްޗެއް ނޫނެވެ. މުޑުދާރު އެއްޗެކެވެ.

ފަހެ، ދަންނާށެވެ! މިކުރުކުރު ޚުލާޞާއިން މިހާރު ތިޔަބޭފުޅުންނަށް، އެނގިވަޑައިގަންނަވާ ނެއެވެ. ޔޫނާނުގައި އެޒަމާނުގައި އެދުވަސްވަރު، ހިނގަމުންދިޔަ ޑިމޮކްރަސީއަކީ، ޢާއްމުމަޞްލަޙަތު ހަމަޖެއްސުމާއި އެކިއެކިފިތުނަ ތަކުން މުޖްތަމަޢު ސަލާމަތްކުރުމަށް ރޭވުނު ފިކުރީ، ސިޔާސީތަދްބީރު ތަކެކެވެ. އެކުލަވާލެވުނު ފަލްސަފާތަކެކެވެ. އަދިއެއީ އެކިކުލަޖެހިފައިވާ ބޮޑުސިޔާސީ ރޭވުންގަނޑެކެވެ. އެއީކީ، އެއްގޮތަކަށް ވެސް އިންސާނިއްޔަތަށް ހެޔޮއެދިގެން، އިންސާނީޙައްޤުތައް ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި ޤައިމުކުރެވުނު ޑިމޮކްރަސީއެއް ނޫނެވެ. ޖުމްލަގޮތެއްގައި ދަންނަވަނީނަމަ، އެއީ ދައުލަތުގެ އަމަންއަމާންކަން ހިފޭއްޓުމަށް ތަދުބީރުކުރެވުނު، ފައިދާތަކެއް ވެސް އެކުލެވިފައިހުރި، ފިކުރީ ރޭވުންގަޑެކެވެ. ޢިލްމުވެރި، ފަލްސަފީލިޔުން ތެރިން، އެކިޒާތްޒާތުގެ ސަރުކާރުތައް ހިންގާނެ ގޮތްތައް ތަދުވީނުކޮށް ލިޔުއްވަން ފަށްޓަވަންދެން، މިނޫންއެހެން ސިފައަކަށް އެޑިމޮކްރަސީ ބަދަލެއް ނުވެއެވެ. ދުނިޔެއަށް ޑިމޮކްރަސީއޭ މިކިޔާ ފިކުރީ ގޮނޑިކޮއްކޮއެއް، އުފަންކުރި އެދުރުންނަކީ، މިދެންނެވި ޔޫނާނީ ފަލްސަފާ ވެރިންނެވެ. އިސްލާމްދީނު ބާއްވާލައްވައި އެދީނުގެ ރިސާލަތާއި ދަޢުވަތު މުޅިދުނިޔެއަށް ފެތުރުމުގެ ކުރީގައިއޮތް ޑިމޮކްރަސީ ނިޒާމަކީ ކޮބައިތޯ، މިމަޒުމޫނު ފަށަމުން އަޅުގަނޑު ސުވާލުކޮށްފައި އޮތުމުން، މަތީގައި މިގެނެވުނު ކުރުކުރު ޚުލާޞާއިން ޔޫނާނުގައި ޑިމޮކްރަސީ ޙުކުމްތަކާއި ޙައްޤުތަށް ފެށި، ފެތުރެމުންދިޔަ ގޮތުގެޙަޤީޤަތް މިހާރު ސާފުވެވަޑައި ގަންނަވާނެއެވެ. އެއިންވެސް އެނގޭއެއްޗަކީ، އޭރާއި މިހާރުގެ ޑިމޮކްރަސީ ޙުކުމް ޤައިމުވެފައިވަނީ، އެއްގޮތަކަށްވެސް ހުރިހާއިންސާނުން ޤަބޫލުކޮށް، އިޢުތިރާފުވާ، އިންސާނީޙައްޤު ތަކުގެ މައްޗަށް ނޫންކަމެވެ. ހުޅަގުން އުފެއްދި ޑިމޮކްރަސީއަކީ ފިކުރީ ފަލްސަފާތަކެކެވެ. ބިންގަލެއްނެތް ޚިޔާލީ ފިކުރުތަކެކެވެ. ވޮޑިގެންވާ، ﷲއެއް ވާކަން ހިތުގެއަޑިން ޤަބޫލުނުކޮށް ހަމަބުއްދީން ނެއްޓިތިބެ، ފާޅުކޮށްފައިހުރި ޚިޔާލީފޮލާ ތަކެކެވެ. ބަރާބަރަށް އަމަލީސަފަ ގެނެވިފައިނެތް ވިސްނުމެކެވެ. ޑިމޮކްރަސީ ވިސްނުންތައް ފެއިލްވުމުން އެވެރިންގެ ދަރިވަރުންބެލީ އިސްލާމްދީނަކީ ވެސް އެބަޔަކަށް ބޭނުންވާގޮތަކަށް ބަދަލުކޮށްލާއި މޮޑިފައި ކުރެވިދާނެ ފަލްސާއަކަށް ހެދުމަށެވެ. އިސްލާމް ދީނަށް ފަލްސަފާއެކޭ، ދިރިއުޅުމުގެމަގޭ ކިޔައިގެން އިސްލާމީ ގައުމުތަކުގެ ދަރިވަރުންގެ މެދުގައި މަޝްހޫރު ކުރަނީ، މިފަދަ އިސްމާމީ އަޤީދާއިންބޭރު މަގްސަދުތައް ހާސިލު ކުރުމަށެވެ.

ފަހެ، ދަންނާށެވެ! މިދަނޑިވަޅުގައި އެހެނިހެން ސަމާވީ ދީންތަކުގައި ޑިމޮކްރަސީއޮތް މިންވަރާ މެދު އަލިއަޅުވާނުލައި ކުރިޔަށްދާހިތެއް ނުވެއެވެ. މިހާރުގެ ޒުވާން އިސްލާމީކިޔަވާ ކުދިންނަށް މިކަމުގެ ޙަޤީޤަތް އޮޅުވާލާފައި އޮތްލެއް ބޮޑުކަމުން، އަޅުގަނޑުގެ މިވާހަކަތައް މިވަނީ މަޒްމޫނު ތަކަކަށްވުރެ ފުޅާކޮށް، ލުއިފޮތެއްގެ ސިފަޖައްސާފައެވެ. ވީމާ އަޅުގަނޑުގެ އެދުމަކީ، ދިވެހިރާއްޖޭގެ ހުރިހާކިޔަވާ ދަރިވަރުންނާއި އުސްތާޒުން، މުޠާލަޢާ ކުރެއްވުމަށް މިލުއިފޮތަށް ރުޖޫޢަވުމެވެ. އަދި ދިރާސީ ނަޒަރަކުން ވިސްނުންތެރި ކަމާއެކު ވިދާޅުވެލެއްވުމެވެ. ކިޔަވާ ކުދިންނަށް މިކަންކުރުމަށް އަޅުގަނޑު އިލްތިމާސްކޮށް ގޮވާލަމެވެ. އަދި ނޮވެލްޓީން ނަމަވެސް ކޮންމެވެސް ޗާޕްޚާނާއަކުން އަޅުގަނޑުގެ، މިލުއިފޮތް ޗާޕްކޮށްދިނުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ.

ފަހެ، ދެކެދެނެތިބެ ދަންނާށެވެ! މުޅި އިންސާނިއްޔަތަށް ޤުރުއާންމަޖީދުގެ ސާފުޠޯހިރު އަލިކަން ލިބުމުގެ ކުރީގައި ސަމާވީފޮތެއް ލިބުނު އެއްދީނަކީ، “އަލްމޫސަވިއްޔާ” އެވެ. މޫސަވީދީނެވެ. އެއީ މޫސާގެފާނުންގެ މައްޗަށް “ތައުރާތު” ބާއްވާލެއްވުމުން ޝަރުޢުވީދީނެވެ. އެޝަރީޢަތުގައި ވެރިކަން ކުރާނެ ޙުކުމެއް، ނިޒާމެއް އެކުލެވިފައިވާކަން “އަލްޢަހުދުލް ޤަދީމް” ގައި ވާރިދުވެފައިވާ ގޮތުން އެނގެއެވެ. އަލްޢަހްދުލް ޤަދީމަކީ، ބަނީއިސްރާއީލުގެ ނަބީބޭކަލުންގެ މުޤައްދަސް ފޮތްތަކެވެ. އަދި އެބައިމީހުންގެ ތާރީޚާއި ރަސްރަސްކަލުންގެ ޚަބަރުތައް، އަލްމަސީޙު ޢަލައިހިއްސަލާމްގެ ކުރީގައި، ލިޔުނުމީހަކު އެނގޭގޮތަށާއި ލިޔުނުމީހަކު ނޭނގޭގޮތަށް ލިޔެފައިހުރި ހުރިހާފޮތްތަކެވެ. އާދެ! އެއީ ޤުރުއާން ބާއްވާލެއްވުމުގެ ކުރީގެ ފޮތްތަކެވެ. ޤަދީމީޒަމާނުގެ އެއްޗަކަށް ބެލެވެނީ، އެހެންވެގެންނެވެ. “އަލްޢަހްދުލް ޤަދީމް” އިނގިރޭސި ބަހުންނަމަ، (The Old Testament) އޭ ބުނުމުން، މޫސާގެފާނަށް ބާއްވާލެއްވުނު ތައުރާތާއި ޢީސާގެފާނަށް ބާއްވާލެއްވުނު “އިންޖީލު” ވެސް ހިމެނެއެވެ. މިއީ އެދީނުގެ އެންމެ ކީރިތިވެގެންވާ މުޤައްދަސް ފޮތްތަކެވެ. މިހާރުގެ ޔަހޫދީއުންމަތް އީމާންވަނީ މިފޮތްތަކެވެ.

އާދެ! ސަމާވީފޮތެއް ލިބުނު އަނެއްދީނަކީ، “އަލްމަސީޙިއްޔާ” އެވެ. އެއީ އަލްމަސީޙު ޢަލައިހިއް ސަލާމަށް ތަބަޢުވި މީހުންގެދީނަށް ކިޔުނުނަމެވެ. “އަލްމަސީޙު” އަކީ، ޢީސާ ބިން މަރިޔަމަބްނަތަ ޢިމްރާނު ޢަލައިހިއްސަލާމެވެ. އެހެނަސް ޤުރުއާނުގައި އެބައިމީހުންނަށް އައިސްފައިވަނީ،  ނަޞާރާއިން ނެވެ. ނަޞާރާއިންނަކީ، ޢީސާޢަލައިހިއްސަލާމަށް، ބާއްވާލެއްވި އިންޖީލަށް ނިސްބަތް ވާމީހުންނެވެ. ނަޞާރާދީނަކީ، “އަލްނަޞްރާނިއްޔާ” އެވެ. މިއީ ކްރިސްޗިއަނުންނެވެ. އަލްނަޞްރާނިއްޔާ މިބަސް އުފެދިފައިވަނީ، “ނަޞްރާނާ” މިބަހުންނެވެ. އެއީ މަސީޙު ޢަލައިހިއްސަލާމް އުޅުއްވި ޤަރިޔާ، (Village) އެވެ. އެއަވަށަށް، “އަލްނާޞިރާ” ނުވަތަ “ނާޞޫރިއްޔާ” އޭވެސް ކިޔާއުޅެއެވެ. “އަލްނާޞިރާ” (Nazareth) މިރަށަކީ، މިހާރު އުތުރު ފަލަސްޠީނުގެ ރަށެކެވެ. ކަނޑައެޅިގެން އިންޖީލުގެ އަހުލުވެރިންގެ ދީނަށް، “ނަޞްރާނިއްޔާ” ގެ ނަމުން ނަންދެވުނީ، ކޮންއިރެއްގައި ކަމެއް އެނގޭކަށް ނެތެވެ. އެންމެ ފުރަތަމަ އެމާނާގައި ނަޞްރާނިއްޔާ، މިލަފުޒުބޭނުން ކުރެވިފައިވަނީ، މީލާދީން ދެވަނަޤަރުނުގެ ކުރީކޮޅުގައެވެ. ޤުރުއާންމަޖީދުން ފަހުމްވާގޮތުގައި މިނަމަކީ އެބައިމީހުން އަމިއްލައަށް އެބައިމީހުންނަށް ކީނަމެކެވެ. “ހަމަކަށަވަރުން އެމީހުންނީ، ތިމަންނާމެނީ، ނަޞާރާއިންނޭ ބުނިމީހުން ނެވެ.” (މާއިދާސޫރަތުގެ، 14 ބައްލަވާށެވެ.)

އާދެ! ޤުރުއާންމަޖީދުގައި އެބައިމީހުންނަށް، އައިސްފައި ވަނީ، “މަސީޙިއްޔީން” މިބަހެއްނޫ ނެވެ. އިންޖީލަށް ތަބާވިމީހުންނަށް ޢީސާއީންނޭ ނުވަތަ މަސީޙީންނޭ ވެސް ކިޔައެވެ. އެޖަމާޢަތަށް މަސީޙީ (Christian) މިނަމުން އެންމެފުރަތަމަ ނަންދެވުނީ، “އަންޠާކިޔާ” ގައި މީލާދީން 44،43 ހާތާގައި މަސީޙިއްޔަތަށް ގޮވާލިއެދުރުން ކަމުގައިވާ، ސޭންޓްޕޯލް (Saint Paul) އާއި ބަރްނާބަސް (Barnabas) އެރަށަށް ގޮސް، އެމަޒުހަބުގެ ތަބްލީޣު މީސްތަކުންނަށް ކުރަން ފެށުމުންނެވެ. އެދީނަށް ވަނުމަށް ދަޢުވަތުދޭން ފެށުމުންނެވެ. ކުރީކޮޅުގައި މިނަމަކީ އެމީހުންނަށް ދިމާކުރުމުގެ ގޮތުން އެމީހުންގެ އިދިކޮޅު މީހުން އެމީނުންނަށް ކިޔާއުޅުނު ނަމަކަށް ވެއެވެ. އެހެނަސް މަސީޙިއްޔީންނޭ ބުނުމުން، މަސީޙު ޢަލައިހިއްސަލާމަށް ނިސްބަތްވާތީ، ލަދުގަންނަންވީ އެއްވެސް ސަބަބެއް ނެތްކަން އެބައިމީހުން ދެނެގަނެ، އަމިއްލެއަށް ޤަބޫލުކޮށް ލިބިގަންނަން ފެށީއެވެ. އެއަށްފަހު މަޑުމަޑުންގޮސް އެނަމަކީ، އެބައިމީހުންގެ ދުޝްމަނުން އެބައިމީހުންނަށް ކިޔަންފެށި ނަމެއްކަމުގެ އިޙްސާސް ކެނޑި އަމިއްލައަށް ވެސް، މަސީޙިންނޭ ކިޔަންފެށީއެވެ. “އަންޠާކިޔާ” އަކީ، ޝާމުކަރައިގެ ރަށެކެވެ. މިހާރު އެރަށަކީ، ޖުމްހޫރިއްޔާ ސޫރިޔާ އަލްޢަރަބިއްޔާގެ ރަށެކެވެ.

ފަހެ، ދަންނާށެވެ! އަލްޢައްލާމާ ސައްޔިދު އަބުލްޢައުލާ މައުދޫދީ، (ﷲހެޔޮ ރަޙްމަތް ލައްވާށުއެވެ!) އެމަނިކުފާނުގެ މަޝްހޫރު ތަފްސީރު ކަމުގައިވާ، “ތަފްހީމުލްޤުރުއާނު” ގައި، ވިދާޅުވެލައްވާ ގޮތުގައި، “ނަޞާރާ” މިބަސް ނެގިފައިވަނީ، މަސީޙު ޢަލައިހިއްސަލާމު އުޅުއްވި ރަށްކަމަށްވާ “އަލްނާޞިރާ” އަކުން ނޫނެވެ. “ނުޞްރަތް” އިންނެވެ. އެއީ ނަޞްރުދިނުމެވެ. އެހެނީ، ޤުރުއާނުގައި މަސީޙިންނޭ ނުވަތަ ޢީސާއީންނޭ، އެބައިމީހުންނަށް އައިސްފައެއް ނުވެއެވެ. އަޞްލުގައި ﷲ އެބައިމީހުން ނަށް ބޭނުންކުރައް ވާފައިވަނީ، މިފަދައިންނެވެ. “ދެންފަހެ، އެބައިމީހުންގެ ކިބައިން ދެކޮޅުވެރިކަމާއި ކުފުރުވެރިކަން ޢީސާގެފާނަށް އިޙްސާސް ކުރެއްވުނު ހިނދުގައި، އެކަލޭގެފާނު ވިދާޅުވިއެވެ. ﷲއަށް (އިލްތިޖާވެ) ތިމަންކަލޭގެފާނަށް ނަޞްރުދީ ވާގިދޭނީ ކޮންބަޔެއް ހެއްޔެވެ؟” މިގޮތަށް ގޮވާލެއްވުމުން، އެބައިމީހުންގެ ތެރެއިންވި، އެންމެއިސް ބޮޑެތި ބޭކަލުން ކަމުގައިވާ ޙަވާރީން (Disciple) ދެންނެވި ބަހުގައިވާ ގޮތުގެ މަތީންނެވެ. އެބަހީ، “ﷲގެ ދީނަށް ނަޞްރުދޭ މީހުންނީ، އަހަރުމެންނީމެވެ.” (އާލުޢިމްރާނު ސޫރަތުގެ، 52 ބައްލަވާށެވެ.) ނަމަވެސް މިއަދުގެ މަސީޙީ މިޝަނަރީ (Christian Missionary) ގެބޮޑުން ޤުރުއާން މަޖީދުގައި، މަސީޙީންނޭ ބޭނުން ނުކުރައްވައި ނަޞާރާއޭ ބޭނުން ކުރައްވާފައި އޮތުމުން، ﷲ އަށާއި ޤުރުއާނަށް، ޝުކުރުވެރިވުމުގެ ބަދަލުގައި ކުރަނީ، ޝަކުވާއެވެ. މައުޟޫންބޭރު، މިވާހަކަކޮޅު މިގެނެސްދިނީ މަޢުލޫމާތަށްޓަކައެވެ.

އާދެ! އަލްމަސީޙިއްޔާ ދީނުގެ މީހުންނަށް، ވަކިއާޙުކުމަކާއި ޝަރުޢު އަކަށް، ރަސްކަން ނުވަތަ ވެރިކަން ހިންގުމުގައި ކުރިމަތިލާކަށް ނުޖެހުނެވެ. ސަބަބަކަށްވީ، އެބައިމީހުންގެ ދީން އައިރަށަކީ، ރޫމީދައުލަތުގެ ސިޔާސީ ވެރިކަމާއި ދީނީވެރިކަމުގެ ދަށުގައިއޮތް ރަށަކަށްވާތީއެވެ. މިކަން މިހެންއޮތުމުން އެބައިމީހުންގެ ވެރިކަމުގެނިޒާމު އެކުލެވިގެން ދިޔައީ، ރޫމީންގެ ސިޔާސަތާމުޅިން އެއްކަހަލަ ގޮތަކަށެވެ. މޫސާ ޢަލައިހިއްސަލާމަށް ބާއްވާލެއްވުނު ޝަރީޢަތް، އިސްރާއީލުގެ ހުރިހާމީހުންނަށް، ސީނާގައި އަންގަވައި ދެއްވިއެވެ. ސީނާއަކީ، މިހާރު މިޞްރުގެ ބައެކެވެ. އެމީހުންނަށް “ލާވާ” އޭ ކިޔުނު މޫސާ ޢަލައިހިއްސަލާމުގެ ޤަބީލާއިން، ކާހިނަކު (Diviner) އިސްކުރުމަށް އެންގެވިކަމަށް ތައުރާތުގެ، 5 އަސްފާރުގެ ތެރެއިން، ސިފުރެއް ކަމުގައިވާ “ސިފުރުއްތަޘްނިއްޔާ” ގައި ވެއެވެ. ޔަހޫދީންގެ ޢަޤީދާއަކީ، ތައުރާތަކީ، ފަސްއަސްފާރުގެ މައްޗަށް އެކުލެވިގެންވާ، މޫސާ ޢަލައިހިއްސަލާމު އަމިއްލަ އަތްޕުޅުން ލިޔުއްވި ކީރިތި މާތްފޮތެކެވެ. މި 5 ބާބު އެކުލެވިގެންވަނީ، 39 ޖިލްދު (Volumes) ގެ މައްޗަށެވެ. އަސްފާރަކީ، ސިފުރުގެ ޖަމްޢުއެވެ. ޔަހޫދީންގެ އިޞްޠިލާޙުގައި ސިފުރަކީ، ބާބުތަކެއްގެ މައްޗަށް އެކުލެވިފައި، އޭގެދަށުން ހުންނަ ފަޞްލު (Chapter) ތައްގޮތުގައި، އިޞްޙާޙު ތަކެއްގެ މައްޗަށް ބިނާވެފައިވާ ފޮތެކެވެ. އެއިން ކޮންމެ އިޞްޙާޙެއްގައި، އެތައްއެތައް އާޔަތްތަކެއް (Verses) ވެއެވެ. އެފަސް  އަސްފާރަށް  އިނގިރޭސިން ކިޔަނީ،  (Pentateuch)އެވެ. އެފަސްއަސްފާރަކީ، 1. ސިފުރުލްތަކްވީން (Genesis) 2. ސިފުރުލްޚުރޫޖު(Exodus)  3. ސިފުރުލްލާވީން (Leviticus) 4. ސިފުރުލްޢަދަދު (Numbers) 5. ސިފުރުލްތަޘްނިއްޔާ(Deuteronomy)  މިއެވެ. “ލާވާ” އޭ ކިޔުނު ދަރިކަލެއް، ޔަޢުޤޫބު ޢަލައިހިއް ސަލާމުގެ ހުންނަވައެވެ.

މޫސާ ޢަލައިހިއްސަލާމު، އިސްރާއީލުމީހުންނައި މުޚާޠަބު ކުރައްވައި، ތަންދޮރުދަންނަ މީހުންނަށް ޤާޟީކަން، ޙަވާލުކުރުމަށް، އަމުރުކުރެއްވި ކަމަށް ސިފުރުލްތަޘްނިއްޔާގެ، 16 ވަނަ އިޞްޙާޙުގައި އައިސްފައި ވެއެވެ. އެނައްޞުގައި ވަނީ، “ކަލޭމެން ޝަރީޢަތްތައް ތަޙްރީފުކޮށް އޮޅުވާނުލާށެވެ. އެއޮތްގޮތްނޫން އެހެންގޮތަކަށް ބަދަލުކޮށް ނުލާށެވެ. އަދި މީހުންގެ މޫނަށް ބަލައިގެން ޝަރީޢަތްތައް ނުނިންމާށެވެ. އަދި ރިޝްވަތު ނުހިފާށެވެ. ރިޝްވަތުހިފުމަކީ، ޤާޟީންގެ ވިސްނުން އަނދިރިކޮށްލާ ކަމެކެވެ.”

އަދިވެސް އެސިފުރުގެ، 17 ވަނަ އިޞްޙާޙުގައި ވެއެވެ. “އަރާރުމެއް ނުވަތަ ލެއާއިލޭގެ މައްސަލައެއް ނުވަތަ ދަޢުވާއަކައި އެހެން ދަޢުވާއެއް، ކުރުމުން ނިޔާކަނޑައަޅަން އުނދަގު ވެއްޖެނަމަ، ތެދުވެ ކަލޭމެންގެ ރައްބު (ކަލާނގެ) އިޚްތިޔާރު ކުރައްވައި، އިލާހުގެ ގާތަށް ދާށެވެ. އަދި ލާވާގެ ކާހިނުންގެ ގާތަށް ދިއުމުން ޤަޟިއްޔާ ނިންމާނެގޮތް ބުނެދޭނެއެވެ.”

ފަހެ، ދަންނާށެވެ! މިފާޑުގެ ވެރިކަމުގެ ނިޒާމަކަށް އޮއްވާ މޫސާ އަލައިހިއްސަލާމު ދުނިޔެ ދޫކުރައްވައި ވަޑައިގެންނެވިއިރު، އިސްރާއީލު މީހުންވަނީ، “ޔަހުވާ” (Yahweh.Yahveh) އޭ ކިޔުނު ރަސްކަލަކަށް ތަބާވެ، އޭނާއަކީ، ޢަރުޝުންވަޙީ ބާއްވާލައްވާ ބޭކަލެއްކަމަށް ދެކި، އޭނާގެ ގާތަށް ހުރިހާކަމެއްގައި ވެސް ރުޖޫޢަވާން ފަށާފައެވެ. ޔާހޫޒާ ދައުލަތް ނިސްބަތްވެގެންވަނީ، އިސްރާއީލީ ދަރިކޮޅުގެ ޔަހޫޒާ ބިން ތަޢުޤޫބު ޢަލައިހިއްސަލާމަށެވެ. ބަނީއިސްރާއީލުންގެ ތެރޭގައި ނަބީކަން ހިނގަމުންއައީ އިސްރާއީލު (ޔަޢުޤޫބު) ގެ ފާނުންގެ ބޭފުޅުންގެ ތެރެއިން “ލާވާ” ގެ ދަރިކޮޅުގައެވެ. މޫސާގެފާނާއި ހާރޫނުގެފާނީ، އެދަރިކޮޅުގެ ބޭފުޅުންނެވެ. ރަސްކަމާއި ވެރިކަން ހިނގަމުން އައީ، ޔަހޫޒާގެ ދަރިކޮޅުގައެވެ. ދާއޫދުގެފާނާއި ސުލައިމާނުގެފާނީ، އެދަރިކޮޅުގެ ބޭފުޅުންނެވެ. ސުލައިމާނުގެ ފާނުންނަކީ، ދާއޫދުގެ ފާނުންގެ ދަރިކަލެކެވެ. ދާއޫދުގެ ފާނުންގެ ބައްޕާފުޅަކީ، “ޔައްސާ” ކަމުގައި ބުނެވެއެވެ. އެއީޔަހޫޒާ ދަރިކޮޅުގެ ބޭފުޅެކެވެ. ޢީސާގެ ފާނުންގެ ބޮޑުބޭބެއެއް ކަމުގައި ބުނެވެއެވެ. ދާއޫދުގެ ފާނުންނަށްފަހު ވެރިކަމާ ޙަވާލުވެލެއްވީ، ޝާއޫލެވެ. ޝާއޫލަކީ، ޔަހޫޒާދައުލަތުގެ މުއައްސިސެވެ. ފަހެ، މިއީ ޤަދީމީ ޔަހޫދީދައުލަތުގެ ބިންގަލެވެ. އިސްރާއީލުގެ ދަރިންނަކީ، ޔައުޤޫބުގެ ފާނުންގެ ދަރީންނެވެ. އަދިދަރީންގެ ދަރީންނެވެ. ޔަޢުޤުބުގެ ފާނުންނަކީ، އިސްޙާޤުގެ ފާނުންގެ ދަރިކަލުންނެވެ. އިސްޙާޤުގެ ފާނުންނަކީ، އިބްރާހީމުގެ ފާނުންގެ ދަރިކަލުންނެވެ. މިގޮތަށް އައިސް އިސްރާއީލުގެ ދަރީންގެ ތެރެއިން މޫސާގެފާނަށް ފަހުންއުޅުނު މީހެއްކަމުގައިވާ “ޞަމްވީލް” ނުވަތަ “ޝަމްވީލް” ނުވަތަ “ޝަމްޢޫން” ނުވަތަ “އަޝްމަވީލް” ނުވަތަ “ޔޫޝަޢުބިންނޫނު” އޭ ކިޔުނު މާތް ޤާޟީބޭކަލަކު އެމީހުންގެ ވެރިކަމުގެ ޤަޟިއްޔާތަކައި ޙަވާލުވެ އޭނާއަށް ފެންނަގޮތަކަށް ހަދަމުން ދިޔައިރު އެންމެންރުހިގެން ތިއްބެވެ. އެއްގޮތަކަށް ވެސް އެކަމަކީ، ރަސްކަލަކު ނުވަތަ ވެރިޔަކު ހުންނަވައިގެން ހަމަތަކަކާއި އުޞޫލެއްގެ މަތިން ހިންގަންވާނެ ކަމެއްކަމަކަށް ނުދެކެއެވެ. މޫސާގެފާނަށް ފަހުން އުޅުއްވި، އެނަބީއެއްގެ ނަންފުޅު ޤުރުއާނަކު ނެތެވެ. އެހެންކަމުން އެނަންފުޅާމެދު ތަފާތުރިވާ ކުރުންތައް ހުރީއެވެ. އެދުވަސްވަރު އިސްރާއީލުގެ ދަރީންގެ ވެރިކަމުގައި ތިއްބެވީ، އިސްކުރެވޭ ޤާޟީންނެވެ. އެދުވަސް ވަރަށް ދެވިފައިވާ ނަމަކީ، “ޢަހުދުލްޤުޟާތު” އެވެ. އާދެ! ޤާޟީންގެ ދުވަސްވަރެވެ. ކޮންމެއަކަސް އެބައިމީހުން އޭރުތިބީ، ބަޙުރުލްރޫމް (މެދުތެރޭކަނޑު) ގެ އައްސޭރީގައި ފަލަސްތީނާއި، މިޞްރާދެމެދުގައި އުޅުނު “ޢަމާލިޤާ” (ހެކްސަސް) އިންނޭނަމަކަށްކިޔުނު، މާވަރުގަދަ ބައެއްގެ އަތްދަށުވެ، ނިކަމެތިހާލުގައި ޖެހިވިއްސި ވިހާލިވެފައެވެ. “ޢަހުދުލްޤުޟާތު” ނިމުނީ، ޞަމްވީލުގެ ވެރިކަމަށެވެ. ޞަމްވީލައި ޝާއޫލު ބައްދަލުވިއެވެ. ޝާއޫލަށް ވެރިކަންލިބުމުން ޤަދީމީ ފަލަސްޠީނީންނާއި ޢަމާލިޤާއިންނައި ދެކޮޅަށް، ގަދަޔަށް ހަނގުރާމަ ކުރެއްވިއެވެ. ޝާއޫލު އަވަހާރަވީ “ޖިލްބޫން” އޭކިޔުނު ހަނގުރާމައިގާކަމަށް ބުނެވެއެވެ. “ޝާއޫލް” އަކީ، އިސްރާއީލުގެ ދަރިންގެ ފުރަތަމަ ދައުލަތުގެ ރަސްކަލެވެ. ބޮޑުރަސްގެފާނެވެ. އެއީގަތްގަޑަކަށް، 1030 ބީސީ، އެވެ. ޞަމްވީލްއައި، ދެރަސްކަލުން ކަމުގައިވާ ޝާއޫލާއި ދާއޫދުގެފާނުންނައި ދިމާވިއެވެ. ދާއޫދުގެ ފާނުންނަކީ، އެދައުލަތުގެ ދެވަނަ ރަސްކަލެވެ. އާދެ! ދެން، ޞަމްވީލް މަރުވެދިއުމުން އެދަރިކޮޅުން ވެރިކަމާ ޙަވާލުވެލެއްވި، ރަސްރަސްކަލުން އަމިއްލަ ފައިދާތަކާ ދިމާއަށް ވެރިކަން ލަންބާލެއްވި ކަމަށް އެވެރިންގެ ފޮތްތަކުގައި ލިޔެވިފައި ހުރިކަމަށް، މިހާރުގެ ލިޔުންތަކުން ފެންނަންއެބަ ހުއްޓެވެ. މިއީ އެދުވަސްވަރު، ވެރިކަމުގެ ނިޒާމު ތަފާތުޑިމޮކްރަސީގެ ފޭރާންތަކުގައި އެބުރެމުން ސެބުރެމުން އައިގޮތެވެ. މިހުރިހާ ޒަމާނެއްގައި ވެސް އެބައެއްގެ ޑިމޮކްރަސީ، އެބައެއްގެ ތެރޭގައި ދެމިގެންދިޔައެވެ.

އާދެ! މިދެންނެވި ކުރުޚުލާޞާ ވާހަކަކޮޅުން ވެސް، އިސްވެދިޔަ ދެދީނުގައި ވެރިކަމުގެ ނިޒާމު ހިނގަމުންދިޔަގޮތް އޮޅުންފިލައި ސާފުވާނެއެވެ. ޑިމޮކްރަސީ ހަމަތައް އެދީންތަކުގައިހުރީ، ކިހާމިންވަރަކަށްކަން އޮޅުން ފިލާނެއެވެ. ކޮންމެބަޔަކުވެސް އެބައެއްގެ ޑިމޮކްރަސީއަށް ތާއީދުކޮށް ލެބުނެވެ. މިދެންނެވުނު، ވެރިކަމުގެނިޒާމަށް ވަރަށްދަށް މިންވަރަކަށް ޒަމާނީ ޑިމޮކްރަސީ ވަދެއެވެ. އެހެނީ، ރައްޔިތުންނަށް، ބޭނުންވާ ގޮތްތަކަށް ކަންތައް ރާވާކުރުމަށް، އެދެވޭގޮތް ތަކެއްއޮތުމާއި ކާހިނުންނާއި ރަމަލު ވެރިންނާއި ފާލުވެރިން އިސްކުރާ ޙާކިމަކަށް، އަދި ވެރިޔަކަށް ބައިޢަތުހިފުން އޮންނާތީއެވެ. އެހެންވިޔަސް މިވައްތަރުގެ ވެރިކަމުގެ ނިޒާމަކަށް، ޑިމޮކްރަސީ ނިޒާމެކޭ އެއްގޮތަކަށް ވެސް ނުބުނެވޭނެއެވެ. ބުނެވޭނީ ކޮންމެވެސް ވައްތަރެއްގެ ތަފާތުކުރުންބޮޑު، ޢުންޞުރީ ވެރިކަމަކާއި ވަކިބައެއްގެ ބާރުގެމައްޗަށް އެކުލެވިފައި އޮންނަ ވަރަށްނަހަމަ، ވައްތަރެއްގެ ނިޒާމެއް ކަމުގައެވެ. ޢުންޞުރީ ވެރިކަމަކަށް ވަނީ، ހަމައެކަނި، ބަނީއިސްރާއީލުންނަށް ޚާއްޞަ ވެފައި، ކާހިނުންގެ މަސައްކަތް އިސްރާއީލީ ވަކިދަރިފަސް ކޮޅަކަށް، ޚާއްޞަ ކުރެވިފައި އޮންނާތީއެވެ. އެހެންވުމުން އެވަނީ، ނަސްލީއިމްތިޔާޒުގެ ވައްތަރަކަށެވެ. ވަކިބައެއްގެ ނުފޫޒާއި ބާރުގެ މައްޗަށް އެކުލެވިފައި އޮންނަ ނިޒާމަކަށްވަނީ، ޙާކިމުންނާއި ޤާޟީން އިސްކުރުން، ކާހިނުންނަށާއި ފާލުވެރިންނާ ޙަވާލުވެފައި އޮންނާތީއެވެ.

ފަހެ، ދަންނާށެވެ! ޔޫރަޕްގެ ބައެއް، ތާރީޚު ލިޔުން ތެރިންނާއި މުސްތަޝްރިޤު (Orientalist) ންގެ ބައެއްލިޔުންތަކުން ފެންނަގޮތުގައި އިސްލާމްދީނު ދެއްކެވި، ޑިމޮކްރަސީ ހަމަތަކަކީ، ޢަރަބީންގެ “ޢަރަބިޑިމޮކްރަސީ” އެވެ. މިއީ ޝައްކާއި ވަހުމުން، ފުރިގެންވާ ބޮޑުއޮޅުވާ ލުމެއްގެ ވިހަޖަރާޘީމު ފެތުރުމެވެ. އެބަހީ، އިސްލާމްދީނު އައިސްފައި ވަނީ، ޢަރަބިންދެއްކި ޑިމޮކްރަސީގެ މިނިވަންކަމުގެ މަބްދައުތަކާއި ޤަވާޢިދުތަކެއްގެ މައްޗަށް ބިނާވެ، ޢަރަބިކަރައިގެ ރަށެއްގައި ބާރުގަދަ ޙާކިމުންތަކަކަށް، ތަބާވުމެއްނެތް، އަދި ފާރިސީކަރަޔާއި ރޫމީކަރާގައި ހިނގަމުން ދިޔަކަހަލަ ބާރުވެރި ވަރުގަދަ ވެރިކަމެއް ފެށިފައިނެތް، މިނިވަންޚިޔާލުގެ ބަދަވީން (Bedouin, Nomad) ތަކެއްގެތެރޭގައި ކަމަށްވާތީއެވެ. އެހެނަސް އެންމެންވެސް ޤަބޫލުކުރާ ގޮތުގައި، ޢަރަބިޖަޒީރާ ތަކުގައި ބަދަވީންގެ ފުރިހަމަ މިނިވަންކަން އޭގެ ޠަބީޢީގޮތުގައި އިސްލާމްދީނު އައުމުގެ ކުރީގައި އޮތްކަންވަނީ، ސާފުކޮށް އޮޅުންފިލާފައެވެ. އެމިނިވަންކަމަކީ، އެއްވެސް އަޞްލެއްނެތް، އަދި އެއްވެސް ފެށުމެއްނެތް، އަދި އެއްވެސް ފަލްސަފީ ޚިޔާލާތެއްގެ ވިސްނުމެއް ފިކުރެއްނެތް، އަދި އެއްވެސްކަހަލަ އިންސާނީޙައްޤު ތަކުގެ ތަޢުރީފުންކުރެ، ތަޢުރީފެއްގެ ތެރެއަށްފެތޭ މިނިވަން ކަމެއްނޫނެވެ. ޖަހާލަތުގެ ތެރެއިން އުފެދިފައި އޮތްކޮންމެވެސް ބާވަތެއްގެ ވައްތަރެކެވެ. އާދެ! އެމިނިވަންކަމަކީ، ޠަބީޢީ އަދި ވާޤިޢީ މިނިވަންކަމެކެވެ. އަމިއްލައަކަށް، އުފެދިފައިއޮތް ފާޑެއްގެ ފިޠުރަތީ އަމިއްލަވަންތަ ގޮތްތަކާއި ހަމަތަކެކެވެ. އެއްގޮތަކަށްވެސް، އެއީ ހުޅަގުން މިބުނާޒާތުގެ ޑިމޮކްރަސީ ހަމަތަކެއްގެ މިނިވަންކަމެއް ނޫނެވެ. އަދި އިންސާނިއްޔަތަށް ފެތޭ ހަމަތަކެއް ވެސް ނޫނެވެ. އެމިނިވަންކަމުގެ އަޞްލަކަށްވަނީ، ކަނޑުގައިއުޅޭ މަސްމަހާމެއްސަށް ލިބިފައިވާ މިނިވަންކަމާއި، ފަޒާތެރޭގައި އުދުހޭ ދޫނިސޫފާ ސުއިއްޕަށް، ލިބިފައިވާ މިނިވަންކަމާއި، ޖަންގަލީ ތެރޭގައިއުޅޭ ޖަނަވާރުންނަށް ލިބިފައިވާ މިނިވަންކަމެވެ. އެއީ އިންސާނީ ޙައްޤުތަކުގެ ތެރެއިން ޙައްޤެއް އެކުލެވިފައިއޮތް، މިނިވަން އުޞޫލަކަށް ނުބެލެވޭނެއެވެ. ފަހެ، މިވާހަކަ ތަކަކީ، މުސްތަޝްރިޤުން އިސްލާމުންނަށް، އޮޅުވާލުމަށްޓަކައި އުފައްދާފައިވާ ޚުރާފާތުގެ ފުލޯކު ވާހަކައެކެވެ. ދޮގު އިސްރާއީލީ ވާހަކައެކެވެ.

ފަހެ، ޙަޤީޤަތާއި ކަންހިނގާފައިވާ ގޮތަށް ނަޒަރުކޮށް ބަލައިފިނަމަ، އިސްލާމް ދީނަށްވުރެ ކުރީގައި ޢަރަބިޖަޒީރާ ތަކުގައިއޮތީ ފާޑެއްގެ އަޅުވެތި ޚުދުމުޚްތާރު، އަދި ޖާހިލީޑިކްޓޭޓަރ ވެރިކަމާއި، އިސްތިބްދާދީ، (Tyrannical) ވެރިކަމެކެވެ. އެއްވެސް ޙާލެއްގައި، އެހެން މަޝްހޫރުޝަޢަބު (Nation) ތަކުގައި، ފެނިފައިހުރި ވައްތަރުތަކަށް ދޫނުކުރާ ފާޑުފާޑުގެ ގޮތްތަކާއި ވަޙުޝީ ހަމަތަކެވެ. ޖާހިލީޒަމާނުގައި ޢަރަބިންތެރޭގައި، ވަރަށްގިނަ ވައްތަރުގެ ވެރިކަންވަނީ، އިމްތިޙާނު ކުރެވި، ތަޖުރިބާ ކުރެވިފައެވެ. އޭގެތެރޭގައި ފަރުދީވެރިކަމާއި އިޤްޠޯޢީ (Feudalism) ވެރިކަމާއި، ޢާލިމުން ކޮޅެއްގެ ވެރިކަމާއި، ސިފައިންގެ ވެރިކަން ހިމެނެއެވެ. ޞަޙަރާތެރޭގައި މިނިވަން ދިރިއުޅުމެއް އުޅެމުންއައި ބަދަވީންވެސްވަނީ، މިވައްްތަރުގެ ވެރިކަމުގެ ނިޒާމުތަކާ، ކުރިމަތިލާފައެވެ. ޖާހިލީޒަމާނުގައި ޢަރަބިޖަޒީރާ ތަކުގައި ޑިމޮކްރަސީ ނިޒާމެއް އޮތޭބުނުމަކީ، ވަހުމެކެވެ. ފާޅުކަން ބޮޑުއޮޅުވާ ލުމެކެވެ. ހުޅަގުގައި އިސްލާމް ދީނުގެ ނަމުގައި އުފައްދާފައި ހުންނަ ތަޢުލީމީ ސެންޓަރުތަކަކީ، މުޅިންވެސް މިކަހަލަ އޮޅުވާލުންތައް، މުޅިދުނިޔެއަށް އޮޅުވާލުމަށް އުފައްދައި، މުސްތަޝްރިޤުން އިސްކޮށް ތިބެގެން ހިންގާމަރުކަޒު ތަކެވެ. މިފަދަ މަރުކަޒުތަކުން، ވަރަށްރީތިކޮށް ޢަރަބިއަކުރުން ފަރުމާކޮށްފައި ހުންނަލިޔުންތަކުގެ ދަޅަދައްކާ ހަދާނެއެވެ. މަރުކަޒުގެ ނަންބޯޑުންނާއި ޝާއިޢުކުރާ ނޫސްތަކުންނާއި ފޮތްތަކުން މިކަމުގެ އަސަރު ފެންނާނެއެވެ. ދާދިފަހުން، ރައީސްމައުމޫނު، 2007 ޖުލައިމަހު، އިނގިރޭސިވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޒިޔާރަތް ކުރެއްވި، އޮކްސްފޯރޑުގެ އިސްލާމީ ދިރާސާތާބެހޭ ސެންޓަރަކީ، މިޒާތުގެ ބޮޑުމަރުކަޒެކެވެ. ރައީސްމައުމޫނުގެ ފަހަތްޕުޅުން ފެންނަންހުރި، އެމަރުކަޒުގެ ނަންބޯޑުން ވެސް ދެވަށްބުރަކަށް ޒީނަތްތެރި ކުރެވިފައިވާ ޢަރަބިއަކުރުގެ ލިޔުންގަނޑެއް ފެއްނަން ހުއްޓެވެ. އެފޮޓޯބައްލަވާ ލައްވާށެވެ. މިކަމަކީ ވެސް މުސްލިމުޒުވާން ޖީލަށް ދީނުގެނަމުގައި ދަޅައެއް ދައްކާލުމަށް ޤަޞްދުގައި ކުރާކަމެކެވެ. އޮޅުވާލުމަށް ދައްކާލާ ޖަރީކުރެވިފައިވާ ރީތި، ނިވާފަތް ގަނޑެކެވެ. ބޭރުފުށަށް ފެންނާނީ އިސްލާމީ ޘަޤާފަތެވެ. އެހެނަސް ބިއްދަށުގައި ސިޔާސީ މަޤްޞަދު ތަކެއް ފޮރުވިފައި އޮވެއެވެ. އެފަދަ މަރުކަޒުތަކުގެ ބިންގާބެހެއްޓުމުގެ މަޤްޞަދަކީ، ޒުވާންއިސްލާމީ ދަރިވަރުންގެ ހިތްތަކާއި ޢަޤީދާގައި، އިސްލާމް ދީނާމެދު ޝައްކު އުފައްދައި ނަފުރަތު ކުރުވުމެވެ. ރޫޙާނިއްޔަތު ނެތިކޮށްލައި މާއްދިއްޔަތު އަށަގެންނެ ވުމެވެ. އަދި ބާއްވާލެއްވުނު އިސްލާމީ ޝަރީޢަތުގައި ރެނދުއަޅުވާލައި ނިކަމެތިކޮށް، ބަލިކަށި ކޮށްލުމުގެ މަސައްކަތް ފޮރުވިގެންތިބެ ރާވައި ހިންގުމެވެ. އަދި އެފަދަ މަރުކަޒުތަކަކީ، އިސްލާމުންގެ ތެރޭގައި ޝައްކާއި ވަހުމް އުފައްދައި އެޖަރާސީމު ފެތުރުމަށް ޤާއިމުކުރެވިފައި ހުރިތަންތަނެވެ. ރައީސް މައުމޫނުގެ ރަސްމީ، މިދަތުރުފުޅުން ވެސް ވަރަށްރީތިކޮށް، އެކަންސާބިތުކޮށް ދެއެވެ. ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގައި އަންހެންކަނބަލުން، ފަޑިޔާރުންގެ މަޤާމަށް އިސްކުރައްވައި ހުވާލައިދެއްވުމަށް ފަހު، އަވަސް ވެވަޑައިގަތީ، “ދިވެހިން ސައްތައިން ސައްތަ އިސްލާމުންނަށް ވީތީ ފަޚުރުވެރި” ވެވަޑައި ގަންނަވާ ވާހަކަ، އެސެންޓަރުގައި އެމީހުންނަށް ހާމަކޮށް ދެއްވާށެވެ. މިޢަމަލަކީ، އިނގިރޭސިން އުފާކުރުވުމަށާއި އެވެރިން ރުއްސުވުމަށް ޓަކައި ފަރަންޖީންގެ މަޤްޞަދުތަކާ އެއްގޮތަށް، އަޅުގަނޑުމެންގެ ދީންވެސް ހުއްދަކުރާކަން ހާމަކޮށްދީ، ސާބިތުކޮށް ދިނުމަށް އެޅުއްވި، އިސްލާމްދީނުގެ އަޞްލުތަކާޚިލާފު ފިޔަވަޅެކެވެ. މިއީ ދިވެހި ރައްޔިތުން އެމަނިކުފާނަށް، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން އިޢުލާނު ކުރެއްވުމަށް ހުއްދަކުރާނެ ކަމެއްނޫނެވެ. ރާއްޖޭގެ އެއްވެސްވެރިއަކު ދީނާދުރަށްދާގޮތަށް އެއްވެސް ކަމެއް ކުރަށްވައިގެން ނުވާނެއެވެ. މިއީ ރައްޔިތުންގެ ނަމުގައި އެމަނިކުފާނު ކުރެއްވި ބަދުބަސް ރައްދުވެގެންވާ ނުބައި ކަމެކެވެ. މިހެންމިދެންނެވީ ރައީސްމައުމޫނުގެ މިޢަމަލު ކުށްވެރިކޮށް، މިހާރުންމިހާރަށް ވޯޓަކަށް އެއްސެވިޔަސް ޖުމްހޫރުގެ އަޣްލަބިއްޔަތު ލިބޭނެތީއެވެ. ހުޅަގުން އެންމެއުފާވާނެ ކަމަކީ، އެމީހުންބޭނުންވާ ގޮތަށް، އިސްލާމް ދީނުގެ އަޞްލުއުޞޫލުތަކަށް، ލުއިފަސޭހަކަން، (Flexibility) ގެނެސް ޒަމާނާއެއްގޮތަށް ބަދަލުކޮށް، މާނަކޮށްދިނުމެވެ. ޢަމުދުން އަންހެނުންނަށް ވެރިކަންދިނުމާއި އިސްޤާޞީކަން ދިނުން، ހުއްދަކުރުމެވެ. އިސްލާމް ދީނަށް ބުރަވާގޮތަށް، ޤާނޫނުއަސާސީ އާއި ޤާނޫނުލްޢުޤޫބާތުގައި ނުލިޔެ، ހުރިހާދީނަކަށް ހަމަހަމަކޮށް އުޅެވޭގޮތަށް، ހުޅުވާލާފައި ބޭއްވުމަށެވެ. މިކަހަލަކަންތަކުގައި ވީހާވެސް އޮޅުންއަރާގޮތަށް ބާއްވާށެވެ.

އާދެ! އިސްލާމްދީނަކީ، ޞުލްޙައާއި ސަމާޙަތުގެ ދީނެވެ. އަދި އިންސާނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ދީނެއްކަން ކަށަވަރެވެ. އެހެނަސް އެނަމުގައި ހުޅަގުން ބޭނުންވާފަދަ، ލުއިފަސޭހަކަން ވަކިމީހަކު އަމިއްލައަށް، އިސްލާމްދީނަކަށް ނުގެނެވޭނެއެވެ. ހުޅަގުގެ މިރޭވުމުގެ ދަށުން، މިހާތަނަށް ޤާނޫނުއަސާސީން ޑުރާފްޓްކުރެވުނު ހަތަރުބާބާއި ޤާނޫނުލް ޢުޤޫބާތު ޑުރާފްޓު ކުރެވިފައި ވަނީ، ވަރަށްލާދީނީ، އަދި ޢިލްމާނީ ހަމަތަކަށް ބެލިގެންނެވެ. ދުނިޔޭގައި ޞަހުޔޫނިއްޔަތު ދިރުވުމަށް މަސައްކަތްކުރާ ޢިލްމުވެރިންގެ ލަފަޔާއި އިރުޝާދު ލިބިގެންނެވެ. ދުސްތޫރު ލާދީނީ ކުރުމަކީ، އިސްލާމީދިވެހި ޤައުމުގެ ސައްތައިން ސައްތަ އިސްލާމީވަންތަކަން ނޭގިތިބެ ނަގާލުމެވެ. ރައްޔިތުންނަށް، ޒަމާނީ ލިބަރަލް ޑިމޮކްރަސީގެ ނަމުގައި އޮޅުވާލާ ރީތިއޮޅުވާ ލުމެކެވެ. ޑުރާފްޓު ކުރެވުނު ދުސްތޫރުގައި، އިސްލާމީ ޝަރީޢަތުގެ ކަންފުޅެއް ނެތްތާގައި އެންމެކުޑަ މިނުން، އިސްލާމްދީނުގެ ނަންވެސް ނެތެވެ. މުސްލިމަކު ކަމުގައިވުން، އެއްވެސް މުހިންމު ޒިންމާދާރު މަސްއޫލިއްޔަތެއްގައި ޝަރުޠުކޮށްފައެއް ނެތެވެ. މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ އާއި ފަނޑިޔާރުން، ގައިގާހުރުން ލާޒިމުކުރާ ސިފަތަކުގައި އިސްލާމަކު ކަމުގައިވުން ޝަރުޠުކޮށް ލިޔެފިއްޔާ، ކޮންމެވެސް ބައިނަލް އަޤްވާމީ މުޢާހަދާއަކާ ޚިލާފުވެވެނީ ޔޯލައެވެ. ނުވަތަ ކޮންމެވެސް ޕުރިންސިޕަލަކާ ޚިލާފުވެވެނީ ޔޯލައެވެ. އިސްލާމްދީނުގެ ކުރިމަތީގައިކޮން، ޕެރިސް ޕްރިންސިޕަލެއް ތޯއެވެ! ފަހެ، މިއީ ރައްޔިތުންނަށް ނާންގައި އޮޅުވާލުމެއްގެ ތެރޭގައި ބައިތިއްބައިގެން އިސްލާމީ ދިވެހިއުންމަތް، ލާދީނީކޮށް، ޢިލްމާނީކޮށް، އަދި ސެކިއުލާ ދައުލަތަކަށް ބަދަލުކޮށް ލުމެވެ. ނޭގިތިބެ އަޅުގަނޑު މެންނަށް މިތަބާވެވެނީ ޞަހުޔޫނީ ރޭވުމަށެވެ. އެމީހުންގެ ޕްރޮޓޮކޯލަށެވެ. އިސްލާމުން ތައްޔާރުވާންވީ، ޞަހުޔޫނިއްޔަތުގެ ވަކިތަކުގެ ދަށުނުވެ، މުޅިދުނިޔެއިން އެސުންޕާ ޞަހުޔޫނިއްޔަތު ފޮހެލާށެވެ. މުޅިދުނިޔެއިން އެކުގައި ނައްތާލާށެވެ. ހުޅަގުގެ ގިނަބަޔަކު އިސްލާމްދީނަކީ، ހަރުކަށިކަމުގެ ދީނެއްކަމުގައި ދެކެނީ، ދުރާލައި ރާވައިގެން، ޞަހުޔޫނީއެދުރުން މިމޭރުމުން ވިސްނައިދީ ހަދައި ގެންނެވެ. އަދި ފަހަކަށް އައިސް ބައެއްޤައުމު ތަކުގައި ހިނގާފައިވާ ނުރައްކާތެރި ހާދިސާތަކުގެ ބަދުނާމު މުސްލިމުންގެ ބޮލުގައި އަޅުވަނީވެސް ޞަހުޔޫނީއެދުރުންގެ ވިހަގަދަ މޮޅެތި ރޭވުމުގެ ދަށުންނެވެ. މާތްވެގެންވާ އިސްލާމީޖިހާދު، އެމީހުން ސިފަކުރަނީ، ކުށެއްނެތްމީހުން ސިޔާސީ ސަބަބު ތަކަށްޓަކައި ޤަޞްދުގައި މެރުން ކަމަށެވެ. އަދި ހަނގުރާމަވެރި، ޓެރަރިޒަމްގެ ޢަމަލުތައް ފެތުރުން ކަމުގައެވެ. އާދެ! ހެޔޮމަގުގައި ދެމިތިބި މުސްލިމުން މިއަދުވެސް ތިބީ، އެމާތްދީނުގެ އަޞްލުއުޞޫލު ތަކުގެ މަތީގައި ސާބިތު ވެއެވެ. އިސްލާމުން ބަދުނާމު ކުރުމަށް، މިފަދަ ވިހަގަދަ ޒަހަރުން ފުރިގެންވާ ރޭވުންތައް ރާވައި މުޅިދުނިޔޭގެ ތަންކޮޅުތަކުގައި ހިންގަނީ، ޞަހުޔޫނީއެދުރުން އަޑީގައި ފޮރުވިތިބެގެންނެވެ. އެމީހުންގެ މޮޅެތިރޭވުމުގެ ދަށުންނެވެ. އިސްލާމުން ބަދުނާމުކޮށް، ބާރުގަދަ އިސްލާމީ ދައުލަތްތައް ފުނޑު، ފުނޑުކޮށްލައި އެބިންތަކުގައި އެކުލެވިގެންވާ، ޤުދުރަތީ ފައިދާތައް އެމީހުން ޙާޞިލުކޮށް ގަތުމުގެ ދަހިވެތި ބޭނުމުގައެވެ. އަދި އެންމެބޮޑު މަޤްޞަދަކީ، އިސްލާމްދީނަކީ، ޞުލްޙައާއި ސަމާޙަތަށް ގޮވާލާދީނެއް ކަމުގައި ސިފަކޮށް، އެމީހުން އެދޭގޮތްތަކަށް، އެދީން ބަދަލުކޮށް ލުމެވެ. ޒަމާނީލިބަރަލް ޑިމޮކްރަސީއެއްގެ ނަލަނަލަ ދަޅައެއް ދައްކަމުން، މުޅިދުނިޔެއަށް ފަތުރަމުން ގެންދަނީވެސް ހަމަ އެބޭނުމުގައެވެ. ދުނިޔެވީ ތަހުޒީބަކީ، އެއީ ކަމުގައި ދެއްކުމަށެވެ.

އަޅުގަނޑު ދަންނަވާނީ، ކޮންމެހެނެއް ހަދާފައިވެސް ދިވެހި ދުސްތޫރުގެ މިޑްރާފްޓް ތަކަށް އިސްލާމް ދީނައި އެއްގޮތަށް ބަދަލުގެންނަން ޖެހެއެވެ. އިޞްލާޙުގެންނަން މަޖުބޫރުކުރަން ޖެހޭވާހަކަ އެވެ. އެހެންނޫނީ މިރާއްޖޭގެ މުސްތަޤްބަލުގެ އަމާޒު، މިހާރުތުރުކީގައި އަށަގެންފައި އެއޮތްފަދައިން ލާދީނީ، ސެކިއުލާ، ޢިލްމާނިއްޔަތަކަށް ބަދަލު ވެދާނެއެވެ. ތުރުކީގައި އިސްލާމީ ޝިޢާރުތައް ފާޅުކުރުން މަނާވެ ސެކިއުލާ، ލާދީނީ، ތަނަކަށް ބަދަލުވެގެންދިޔައީ މުޞްތަފާ ކަމާލްއަތާ ތުރުކު، 1923މ، ގައި ގެންނެވި އިންގިލާބާ ހަމައިންނެވެ. މިއިންގިލާބާއެކު، ތުރުކީގައި ޖުމްހޫރިއްޔަތެއް އިޢުލާނުކޮށް އިސްލާމްދީނުގެ އެއްވެސްކަމެއް ސިޔާސަތުގެ ތެރެއަށް ވެއްދުމަށް ދެކޮޅުހަދައި ފުރިހަމަ ޢިލްމާނީ ޖުމްހޫރިއްޔަތަކަށް ވެގެންދިޔައެވެ. އެދުވަހުން ފެށިގެން ތުރުކީވިލާތުގެ ސިފައިން އަންނަނީ،  މިޢިލްމާނީ ނިޒާމް ވަރަށް ފަރުވާތެރިކަމާއެކު ރައްކާތެރިކޮށް ދިރުވަމުންނެވެ. މިނިޒާމަށް ނުރައްކަލެއް އަންނަހެންހީވާ ކޮންމެ ފަހަރަކު، ބާރުގަދަ ޢަސްކަރިއްޔާއިން ވަދެ، އިންގިލާބުކޮށްލައެވެ. ތުރުކީވިލާތުގެ ޢިލްމާނިއްޔަތުގެ ތަނބަކީ، އެޤައުމުގެ އެންމެބާރުގަދަ ސިފައިންނެވެ. މުއްސަނދި އިސްލާމީ، ސަގާފަތަކާއި ތާރީޚެއްއޮތް ތުރުކީވިލާތަށް، ޢިލްމާނީވެރިކަމެއް އަތާތުރުކު ލައްވާ އުފަންކުރުވީ، ހުޅަގުންނެވެ. އެހެނަސް މިހާރު، އަނެއްކާވެސް އިސްލާމީ ޚިޔާލާތުދަނީ ކުރިއަރަމުންނެވެ. ދާދިފަހުންވެސް، 2007 އޯގަސްޓު މަހު ބޭއްވުނު އިންތިޚާބުގައި ވަނީ، ޖަސްޓިސް އެންޑު ޑިވެލޮޕްމެންޓުޕާޓީ (އޭކޭޕީ) އިން، ބޮޑުކާމިޔާބީއެއް ހޯދާފައެވެ. ވޯޓުގެ، 47% އެޕާޓީން ވަނީ، ކާމިޔާބުކޮށް ފައެވެ. ރައްޔިތުންގެ މަޖިލީހުގެ، 550 ގޮނޑީގެ ތެރެއިން، 341 ގޮނޑި އެޕާޓީއަށް ލިބުނެވެ. މިނަތީޖާގެ ސަބަބުން އެންމެބޮޑު ސިހުމެއް ލިބިގެންދާނީ، ތުރުކީގެ ވަރުގަދަ ޢަސްކަރިއްޔާ އަށެވެ. މިއީ ތުރުކީވިލާތުގައި، އިސްލާމީ ޚިޔާލާތާއިފިކުރު ދިރެމުން އަންނަކަމުގެ ފުރިހަމަ ނިޝާނެ ކެވެ. ދުނިޔެއަށް ޢިލްމާނިއްޔަތު، އެކްސްޕޯޓުކޮށް، ފަތުރާއި އިސްލާމުންގެ އިސްލާމީ އުޞޫލުތައް ފޮހެލަނީ ޞަހުޔޫނީން އަޑީގައި ތިބެގެން އުފައްދާ ހުޅަގުގެ، އޮއިވަރަކުންނެވެ. ރާއްޖެއަށް ވެސްވަނީ މިއޮއިވަރުގެ އަސަރު ސީދާކޮށާއި ނުސީދާކޮށް ކޮށްފައެވެ. ފަހެ، ހުޅަގުގެ ހުވަފެންތަކުން ހޭއަރާށެވެ! ރައްޔިތުންނޭވެ! ދެކެދެނެތިބެ ދަންނާށެވެ! ސައްތައިން ސައްތައިސްލާމީ ޤައުމެއްގެ އެންމެމަތީ ވެރިކަމާއި އިސްފަޑިޔާރުގެ މަޤާމަކީ، އިސްލާމީ ޝަރީޢަތުގައި ނައްޞުން އަންހެނުންނަށް، މަނާކުރެވި ފައިވާ ދެމަޤާމެވެ. ހަމައެކަނި މިދެމަޤާމު ފިޔަވައި އެހެންހުރިހާ ދާއިރާއެއްވަނީ، ދެޖިންސަށް ހަމަހަމަކޮށް، ހުޅުވާލެވިފައެވެ. ލާދީނީ، ޢިލްމާނީ، އަދި ސެކިއުލާ ދައުލަތަކަށް އިސްލާމީ ދިވެހިދައުލަތް، ބަދަލުކޮށް ލުމަކީ، ސައްތައިން ސައްތަ އިސްލާމުންނަށް ދިވެހީން ވެތިބުމުގެ ފަޚުރުވެރިކަން ނަގާލުމެވެ. ވެއްޔައި މޮޑެލުމެވެ. އަތޮޅުތަކުގައި ތިބިގިނަ ދިވެހީންތިބީ، ދިވެހީން ލާދީނީކޮށް ޢިލްމާނީ ކުރުމަށް، މިހިންގޭ ސިޔާސީ އޮއިވަރާ ދެކޮޅަށް ތެދުވުމަށް ތައްޔާރަށެވެ. ލިބަރަލް، ޒަމާނީ ޑިމޮކްރަސީގެ ނަމުގައި ދިވެހިން ލާދީނީކޮށް، ޢިލްމާނީކޮށްގެން ނުވާނެއެވެ. ދިވެހި ދައުލަތަކީ، ސެކިއުލާ ދައުލަތަކަށް ހަދައިގެން ނުވާނެއެވެ. އެއީ މުޅިދިވެހިއްޔަތާ ދެކޮޅަށް ބަޔަކު އަޑީގައި ތިބެގެން ރޭވިގެން ހިންގާބޮޑު ޖުރުމެކެވެ. މާސިންގާ ޖަރީމާއެކެވެ. ޢުދުވާނެކެވެ. މިކަން މިއަދު އަދި، ފަނޑުކޮށް އޮތަސް ދިވެހީން، ކޮންމެވެސް ދުވަހަކުން، އެކަންފާހަގަ ކުރާނެއެވެ. އަދި ދިވެހީން އެދަޢުވާއެއް ދުވަހަކުވެސް ނުކަނޑާނެއެވެ. އިސްލާމީ ދިވެހިރާއްޖެ، މިހާރުގެ ތުރުކީވިލާތަށް ބަދަލުކޮށެއް ނުލެވޭނެއެވެ. ފަހެ، ދަންނާށެވެ! “އިސްލާމީ ޑިމޮކްރަސީ” އަށް، ރުޖޫޢަވާންޖެހެނީ މިހުރިހާ ވަސްވާސް ތަކުން މިންޖުވެ، ސަލާމަތްވާށެވެ. އިސްލާމުންނަށް ވީތީދިވެހިން ފަޚުރުވެރި ވުމަށެވެ.

އާދެ! ކުރީގެވާހަކަތަކުން އަޅުގަނޑުމެންނަށް އޮޅުންފިލައި އެގުނުއެއްޗަކީ، އިސްލާމުންނަށް ޑިމޮކްރަސީ ލިބިފައިވަނީ، އިސްލާމްދީނާއެކުގައި ކަމެވެ. އެއަށްވުރެ ޢަރަބީންގެ ޑިމޮކްރަސީ އިސްވެ، ކުރިނުވާކަމެވެ. ޢަރަބިންގެ ތެރޭގައި އިސްލާމް ދީނުގެކުރިން، ޑިމޮކްރަސީއެއް އޮތްކަމަށް އެބުނާބުނުމަކީ، އިސްލާމް ދީނުގައި އަންހެނުންނަށް އެންމެމަތީ ވެރިކަން ދިނުމާއި އަންހެނުންނަށް، އިސްފަޑިޔާރު ކަންދިނުމަކީ، ޝަރުޢީ ނައްޞުން، ދީނީއެއްވެސް ހުރަހެއް ނެތްކަމަށް ބުނާބުނުންކަހަލަ ބޮޑުއޮޅުވާ ލުމެކެވެ. އިސްލާމްދީނު ދެއްކެވި މޫރިތި ޑިމޮކްރަސީއަކީ، ޢަރަބީންގެ ޑިމޮކްރަސީކަމަށް ބައެއް، މުސްތަޝްރިޤުންނާއި، ޔޫރަޕްގެ ބައެއް ތާރީޚީޢިލްމުވެރިން، ދެކޭގޮތަށް ދެކުމަކީ، ކަނޑައެޅިގެން ވަހުމެކެވެ. ޝައްކުން ފުރިގެންވާ ބޮޑުއޮޅުވާ ލުމެކެވެ. އިސްލާމްދީނުގެ ކުރީގައި ޢަރަބިންގެ ތެރެއަކު، ޑިމޮކްރަސީގެ އެއްވެސް ކުލައެއް ފެނިފައެއް ނުވެއެވެ. ރައްޔިތުންގެ މަޝްވަރާއަށް ހުޅުވާލެވިގެން، ޑިމޮކްރަސީ ނިޒާމެއް ބިނާކުރުމުގައި އިސްލާމް ދީނަށް ލިބިފައިވާ މާތްކަމާއި ފަޟީލަތްތެރިކަން، އެހެންހުރިހާ އެއްޗަކަށްވުރެ މާބޮޑެވެ. އިސްލާމްދީން އައުމުގެ ކުރިން ފެނިފައިހުރީ މުޅިންވެސް އަމިއްލަ މީސްމީހުންގެ ޚިޔާލީ އުފެއްދުންތަކާއި އަމިއްލަ ފަލްސަފާތަކެވެ. މުޖްތަމަޢުތަކުގައި ތަންފީޒު ނުކުރެވޭފަދަ ނަލަނަލަރީތި ވާހަކަތަކެވެ. މުޅިންވެސް ޚުރާފާތް ތަކެވެ. ހުވަފެންތަކެވެ. ޢަމަލީ ސިފައެއް ނުގެނެވޭފަދަ ވެރިކަމުގެ ނިޒާމުތަކުގެ ވާހަކަތަކެވެ. އާދެ! ޝަރީޢަތެއް ބާއްވާ ލައްވަންޖެހުނީ މިސަބަބު ތަކާހެދިއެވެ. ޙަޤީޤަތުގައި އަޅުގަނޑުމެން، ވިސްނަވާލައްވަންވީ  ނުކުތާއަކީ މިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އިރުގައި، ބާރުގަދަ ދައުލަތް ތަކެއްގެ ސިފަޖެހިފައި އޮތް، ފާރިސީދައުލަތާއި ރޫމީދައުލަތާއި ޙަބަޝީދައުލަތުގެ ވެރިކަމުގެ ނިޒާމާދިމާއަށް ކުރުގޮތަކަށް ބަލައި ލަމާތޯއެވެ. މިދައުލަތްތަކުގެ ތެރެއިން އެއްވެސް ދައުލަތެއްގައި އެންމެންގެ މަޝްވަރާގެ އުޞޫލުންބިނާ ކުރެވުނު ޑިމޮކްރަސީ ނިޒާމެއް ހިންގާފައެއް ނުވެއެވެ. އަދި ޢަމުދުން، އެބައިމީހުން، ޑިމޮކްރަސީ މަބްދައުތަކާއި ޤަވާޢިދުތަކަށް، އެއިރަކު އެއްގޮތަކަށް ވެސް އީމާނެއް ނުވެއެވެ. ޣަރަޤުވެފައިތިބީ، މާވަރުގަދަކޮށް ހިނގަމުންދިޔަ ޝަޚްޞީ ބާރުވެރި ކަމެއްގެ ތެރެއަށެވެ.

ފާރިސީ ދައުލަތުގައި ވެރިއެއްގެ ގޮތުގައި ހުންނެވީ ހުރިހާރަސް ރަސްކަލުންގެ ރަސްގެފާނުގެ ލަޤަބުން ލަޤަބުދެވިފައިވާ، “ޝާހެންޝާހު” އެވެ. އޭނާއަށް އެހީވަމުން ގެންދިޔައީ، އަލިފާނަށް އަޅުކަންކުރާ ބޮޑެތިމަޖޫސީ ދަންނަ ބޭކަލުންނެވެ. ނިޔާކަނޑައެޅުމުގެ ބާރުގައި ތިއްބެވިބޮޑުންގެ އެހީތެރިކަން ބަރާބަރަށް ލިބެމުން ދިޔައެވެ. ދައުލަތުގެ އެހެނިހެން އިސްވަޒީފާތަކަށް، ޝާހެންޝާހު ވެރިންއިސް ކުރެއްވުމުގައި ގެންގުޅުއްވި ހަމައަކީ، ޙަސަބާއި ނަސަބަށް ބަލައި ރިޢާޔަތް ކުރުމެވެ. ޑިމޮކްރަސީ އަޣްލަބިއްޔަތަކަށް އެއްވެސް ކަމެއްގައި ނުބައްލަވައެވެ. އާންމު ރައްޔިތުންގެ ރޫޙަށާއި ރައްޔިތުންގެ ބާރަށް ބަލައިލެއްވުމެއް ނެތެވެ. ހަމައެހެންމެ ރޫމީ ދައުލަތުގައިވެސް، މީލާދީން ހަވަނަޤަރުނައި ހަމައަށްއައި އިރުވެސް އިސްތިބްދާދީ (Autocratic) މުޠްލަޤުޙުކުމެއް ހިންގަމުން ގެންދިޔައެވެ. ވެރިކަމުގެ މިވައްތަރަށް ފްރީސްޓައިލް ޒާތީވެރިކަމެއް ކަމުގައި މިސާލުޖެހެއެވެ. ރޫމީދައުލަތް އުފެދުނު ހިސާބުގައި، ޤުސްޠަންޠީން “އެކެއް” (Constantine 1, 280-337) ގެ ވެރިކަމުގެ ދަވަސްވަރު (306-337) ގައި، “އަލްތަރުބިއްޔޫން” މިނަމުގައި އެތާގައިއޮތް، ރައްޔިތުންގެ ފަރާތުން ވަކީލުންތިބުމުގެ ނިޒާމު އުވާލެވުނެވެ. މިވަކީލުންނަކީ، އެކިއެކިޤަބީލާތަކުން އިސްކޮށްފައި ތިއްބަވާ މަންދޫބުންނެވެ. މި މަސައްކަތުގެ ވަޒީފާއަށް ނަންދެވިފައިވަނީ، ޤަބީލާތަކަށް ނިސްބަތްކޮށް، “ތަރާޔިބް” (Tribe) މިނަމުންނެވެ. އެއީ އެކިއެކި ޤަބާއިލީރަށްތަކަށް ނިސްބަތްކުރުމުގެ ގޮތުންނެވެ. މިއީ ކޮންމެވެސް އަމިއްލަ ވައްތަރެއްގެ ޝަޚްޞީބާރުތަކެއް ސިފަކޮށްދޭ ޑިމޮކްރަސީއެކެވެ. ދެން ދުވަސްކޮޅަކަށް ފަހު، ރޫމީންގެ ރަސްކަމަށް އިސްވީ، ޖަސްތިންޔާން “އެކެއް” (Justinian 1,482-565) ނަމަކަށް ކިޔުނު ރަސްކަލެކެވެ. މީނާއަކީ، ރޫމީރަސްކަމުގެ ތެރޭގައި އުފެދުނު ބޭޒަންޠީ (Byzantine) ރަސްކަލެކެވެ. ރަސްކަމުގައި ހުންނެވީ، (527-565) ގައެވެ. މީނާގެ ދުވަސް ވަރުގައި ބޭޒަންޠީރަސްކަން ސިޔާސީގޮތުންނާއި ދީނީގޮތުންނާއި ޤާނޫނީގޮތުން، އެކެތިގަނޑަކަށް ހެއްދެވުމަށް ވަރަށްބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. ރޫމީ ޤާނޫނުތަކެއް ތަދްވީނުކޮށް ފަރުމާކުރެއް ވުމުގެ އަމުރު ނެރުއްވިއެވެ. އެދުވަސްވަރުގައި ގިނަގުނަ ޤާނޫނުތަކެއް އެކުލަވާލައްވައި، އަނެއްބައި ޤާނޫނުތައް އުވާލައްވައި، ރައްޔިތުންގެ ތެރެއިން ބޮޑުންގެ މަޖިލީހެއްގެ ގޮތުގައި އޮންނަމަޖިލީސް، ނައްތާލައްވައި އުވާލެއްވުމަށް ފަހު، ކުރީގައި އޮތްގޮތަށް ވަރަށްގިނަ ކަންތައްތަކެއް އިޢާދަ ކުރެއްވިއެވެ. އަދި ވެރިކަމުގެދާއިރާ، ވަކިޠަބަޤާ (Class of People) އެއްގެ މީހުންގެ މައްޗަށް ބިނާކުރެއްވިއެވެ. އޭގެތެރޭގައި ރަސްކަލުންގެ ޠަބަޤާއަކާއި ސިފައިންގެ ޠަބަޤާއަކާއި ދަނޑުވެރީންނާއި ޞިނާޢަތް ތެރީންނާއި މަސައްކަތް ތެރީންގެ ތެރެއިންވާ، ވަރަށްޢާއްމު ޠަބަޤާއެއް އޮތެވެ. އެހެނަސް ވެގެންދިޔަ ގޮތަކީ، އެންމެމަތީ ޠަބަޤާގެ މީހުން ޢާންމުރައްޔިތުންގެ ޙައްޤުތަކުން ނާޖާއިޒުކޮށް، މަޖަލާއި އުފާޙާޞިލު ކުރަމުން ދިއުމެވެ. ރައްޔިތުންގެ މިލްކުއެސެޓާއި މުދާތަކުން، އެކިދަޅަތައް ރައްޔިތުންނަށް ދެއްކުމަށް ފަހު، އަމިއްލަފައިދާ އަށާއި، އަމިއްލަޢާއިލާ އަށާއި، އަމިއްލަ ރައްޓެހީންނަށް ދީގެންޙައްޤުނޫން ފައިދާތައް ނަގަމުން ގެންދިޔައީއެވެ. 21 ވަނަޤަރުނުގައި މިހާރުވެސް މިރާއްޖޭގައިވެސް، ވެރިކަމުގެ ފަރާތުން ކަންކުރަނީ މިބީދައަށެވެ. ވެރިކަމަށް ތާއީދުކޮށް ސަޕޯޓުކުރާ މުއްސަނދި ސައުދާގަރުންނަށް މޮޅުގޮތާއި ރައްޔިތުންގެ ބިންތައް ޙައްދެއްނެތި ދެމިގެންދާ ގޮތަށް ކުޑަކުއްޔަކަށް މިލްކުކޮށްދީފައި ވެއެވެ. ވެރިމީހާގެ އިޤްތިޞާދީ މުޝީރުންނަކީ، ބޮޑެތިނާޖާއިޒު ފައިދާތައް ނަގަމުންދާ ސައުދާގަރުން ނެވެ. ރައްޔިތުންގެ މުދަލުންނާއި މިލްކިއްޔާތުން ހޯދާ ނާޖާއިޒުފައިދާ ޤައުމުންބޭރުގައި އިންވެސްޓު ކުރާމީހުންނެވެ. ބޮޑާހާކާލަންވީމާ އިސްތިޢުފާ ހުށަހަޅާލަންވީއެވެ. މިދުވަސް ކޮޅު، ސިއްރު ގޮތެއްގައި ފެތުރިގެން، އެންމެއިސްކޮށް އުޅެނީ، ކޮލިމޮހަދޭއާއި ޗަންޕާޢަފީފު އިޤްތިޞާދީ މުޝީރުންގެ ކޮމެޓީން އިސްތިޢުފާދީގެން އުޅޭޚަބަރެވެ. މިފަދަ އިސްތިޢުފާ ތަކަކީވެސް ފާޑެއްގެ ދަޅައެކެވެ.

އާދެ! ބޭޒަންޠީރަސްކަމަކީ، ރޫމީދައުލަތުގެ އިރުމަތީ ބިތުގައި އުފެދުނު ދައުލަތެކެވެ. ބޮސްފޯރުން (Bosphore)  ފެށިގެން، ފުރާތުކޯރާ ހަމައަށް، މިސަރަޙައްދު ދެމިފައިވެއެވެ. ބޭޒަންޠީ ފުރަތަމަ ރަސްކަލަކީ، އަރކާޑިއަސް (Arcadius 408-377) އެވެ. ފަހެ، ޤުސްޠަންޠީން “އެކެއް” ރަސްކަމަށް އިސްވެ “ބޭޒަންޠާ” އޭކިޔުނުރަށް، އަލުންބިނާކޮށް “ޤުސްޠަންޠީނިއްޔާ” ގެ ނަމުން، އެރަށަށް ނަންދެއްވިއެވެ. މިހާރުމިރަށަކީ، ތުރުކީވިލާތުގެ “އިސްޠަންބޫލް” އެވެ. މިއީ ވަރަށް މަޝްހޫރު، އަދި ފަތުރުވެރިން ވަރަށްދޯޅު ބީޗެއްހިމެނޭ، އަދި ވަރަށްތާރީޚީ އައްސޭރިއެއް އެކުލެވޭ ވަރަށްރީތި ހިތްްގައިމު ހިސާބެކެވެ. އާދެ! މީލާދީން، 1435 ގައި، ޢުޘްމާނީދައުލަތް އުފެދެންދެން، މިދައުލަތް ދިރިދެމި އޮތެވެ.

އާދެ! ހަމައެހެންމެ ޙަބަޝާ (Abyssinia) ގައި، ހިނގަމުންދިޔަ ވެރިކަމުގެ ނިޒާމަކީ، މިހާރުވެސް އެދައުލަތުގައި ވެރިކަމުގެ ޤާނޫނީޙުކުމް ހިނގަމުން އެދާފާޑެކޭ، މާބޮޑު ތަފާތެއް ނެތްގޮތަށް ދެމިއޮތް، އިސްކޮށްތިބޭ އަމީރުންކޮޅެއްގެ ޙުކުމެވެ. އެނިޒާމު ރޭވިފައި އޮންނަނީ، އެންމެމަތީ ވެރިއެއްގެ ގޮތުގައި، އަމީރުންގެ އަމީރު، “އަލްނަޖާޝީ” އޭ ކިޔުނު، ރަސްކަލަކު އިސްވެ ހުންނަވާގޮތަށެވެ. ވެރިކަމުގެ މިވައްްތަރައި އެންމެގާތީ، ފާރިސީންގެ ޝާހެންޝާހަތާ އެވެ. ނަޖާޝީ އެމީހުންގެ އަޞްލު ޝަރީޢަތެއް ކަމަށް ހެއްދެވީ، ޔަހޫދީންގެ މުޤައްދަސް ޝަރީޢަތެވެ. ޤާނޫނުތަކުގެ އަސާސެއްކަމަށް ބެއްލެވީ، “އަލްޢަހުދުލްޤަދީމް” ގެ ފިލާވަޅުތަކެވެ. މީލާދީން ހަތަރުވަނަ ޤަރުނު ފެށުނުތަނާހެން، އޭރު ޙާކިމުންނަށް ތިއްބެވިމީހުން، މުޅިއެރަށް މަސީހިއްޔަތަށް ބަދަލުކޮށްލިއެވެ. ދެން އެއޮތްގޮތަށް، ވަޘަނިއްޔަތު (Heathenism) ން، ވާރުތަވެފައި އޮތްމަދު ގޮތްތަކަކާއެކުގައި، އަޅުކަމުގެ ކަންތައް ދެމިއޮތީ، މަސީޙީންގެ އަޅުކަންކުރާ ހައިކަލްތަކުގައި އޮންނަ ގޮތަށެވެ. އެހެންނަމަވެސް ނިޔާކަނޑަ އެޅުމާއި ޤަޟާގެބައި އޮތީ، ޔަހޫދީންގެ ގޮތަށެވެ. މިސަބަބުތަކާހުރެ، ރައްޔިތުން އެނބުރި ދާންޖެހޭ މަރާޖިޢުތައް ގިނަވެފައި ވުމުން، އެކިކަންކަމުގައި، ވެރިންނާއި ޙަކީމުންނާއި ކާހިނުންނާއި އަމީރުންގެ މެދުގައި ވަރަށްގިނަ މައްސަލަތައް ނުކުތެވެ. ވަޘަނީޙަކީމުން، ފާޑުފާޑުގެ ސިޙުރާއި ފަންޑިތަ، އިސްތިރިވަރިތޮޅި ބޭނުންކޮށްގެން ބޭސްވެރިކަމާއި އެހެނިހެން މަޤްޞަދުތައް ޙާޞިލުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައެވެ. މިގޮތުންގޮސް މިކަންވަނީ ވެރިކަމުގެ ދާއިރާތެރެއަށް ވެސްވަދެ، ސިޙުރުހެދުމާއި ފާލުބެލުމާއި ރަމަލުޖެހުމާއި ފަންޑިތަ، އިސްތިރިވަރިތޮޅި ހެދުން، މޫލައިވަރުގަދަ ވެފައެވެ. އާރުލައި މުޅިމުޖްތަމަޢަށް ޢާންމުވެ ފެތުރިފައެވެ. މިވާހަކަތައް، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އިރުގައި އެދުވަސްވަރު، ޙަބަޝާއަށް ހިޖުރަކުރެއްވި ބޭބޭކަލުންގެ ފަރާތްޕުޅުން، ރިވާވެގެން ވެއެވެ. އަބަދުވެސް ނަޖާޝީ ރަސްރަސްކަލުންގެ ތެރެއިން، އެންމެވިސްނުން ތެރިއަކީ، ސިޙުރުހާހޫރަ ބޭނުންކޮށްގެން ވެރިކަމުގައި ދެމިހުންނަމީހާއެވެ. އެގޮތުގެމަތިން ވިހިވަނަ ޤަރުނުގައި ނަޖާޝީންގެ ތެރެއިން އެންމެމަޝްހޫރު ނަޖާޝީއެއް ކަމުގައި ހިމެނުނު، މަންލީކު”ދޭއް” އެވެ. މީނާއަކީ، އެދައުލަތުގެ ހުރިހާބާރެވެ. އަމީރުވެސް މެއެވެ. ޤާޟީވެސް މެއެވެ. ސިފައިންގެ އެންމެމަތީ ޤާޢިދުވެސް މެއެވެ. އަދި މިގޮތުންގޮސް ހުރިހާއެއްޗަކީ ވެސް އޭނާއާއި އޭނާގެ ނުފޫޒެވެ. މަންލީކު “ދޭއް” ދުނިޔޭގައި ހުންނެވީ، މީލާދީން، (1844-1913) އަށެވެ. ޙަބަޝީ ދައުލަތުގެ ނަޖާޝީއެއްގެ ގޮތުގައި ހުންނެވީ، (1889-1913)މ. އަށެވެ. 1896މ. ގައި އިޓެލީލަޝްކަރު ބަލިކޮށް، އެޤައުމަށް މިނިވަންކަން ހޯއްދަވައި ދެއްވިއެވެ. އަވަހާރަވުމުން ފަސްދާނަ ލެވިފައިވަނީ، އެޑިސްއަބާބާ (Addis Ababa) ގައެވެ. އެޑިސް އަބާބާއަކީ، އިތިއޮޕިއާ (Ethiopia) ގެވެރިކަންކުރާ ރަށެވެ. އެއީކުރީޒަމާނުގައި އެންމެފުރަތަމަ، އިސްލާމުން ހިޖުރަކުރި ޙަބަޝާއެވެ. އާދެ! މުޙަންމަދީ ދަޢުވަތުގެ ދުވަސްވަރު، މީލާދީން ހަވަނަޤަރުނުގައި ނަޖާޝީންތިބީ މިކަހަލަގޮތެއް ގައެވެ. މަޝްވަރާގެ ވެރިކަމެއް، ޑިމޮކްރަސީގެ ޤާނޫނީޙުކުމެއް، އަދި ޑިމޮކްރަސީ ނިޒާމެއް، ޢަމަލީސިފައަކުން ނުވަތަ ނަޒަރީސިފައަކުން ވެސް، އޭރުގެ ޙަބަޝީ ދައުލަތް ދެކިފައެއް ނުވެއެވެ. ރަނގަޅުވެރިން ތިބޭވަޤުތަކު، ރައްޔިތުންނަށް ރަނގަޅުގޮތެވެ. ނުބައި އިސްތިބްދާދީ ވެރިންތިބޭ އިރަކުވިއްޔާ މުޅިންވެސްގޯހާއި އަނިޔާއެވެ. އޭރުޙަބަޝާއޮތީ، މިފާޑެއްގެ ނިޒާމަކަށެވެ. ރައްޔިތުން ޝާމިލްވާ ވެރިކަމެއްގެ ވަސްވެސްނެތެވެ.

އާދެ! ދެން އެންމެމަޝްހޫރު ދައުލަތަކަށް، މުޙަންމަދީ ދަޢުވަތުގެ ދުވަސް ވަރުގައި އޮތީ، މިޞްރެވެ. އެދުވަސްވަރު މިޞްރުގައި، ވެރިކަންކުރަމުން ދިޔައީ އެރަށުގެ އަހުލުވެރިންނެއް ނޫނެވެ. މިޞްރުގެ އޭރުގެސަރުކާރާ މެދުވެސް ހަމަ، ދެންނެވެންއޮތީ، ފާރިސީންނާއި ރޫމީންނާއި ނަޖާޝީދައުލަތާ މެދު، ދެންނެވުނު ވާހަކަތަކެވެ. ވަކިޚާއްޞަ ވެރިކަމުގެނިޒާމެއް ދެއްކިފައެއްނެތެވެ.

ފަހެ، ދަންނާށެވެ! ޙަޤީޤަތުގައި މުޙަންމަދީ ދަޢުވަތު (ކީރިތިރަސޫލާގެ ދަޢުވަތު) ގެ ދުވަސް ވަރަށް ބަލާއިރު، މިޞްރާއި ޢަރަބިކަރައާއި ފާރިސީކަރައާއި ރޫމީކަރައާއި ޙަބަޝާ، މިހުރިހާތަނެއްގެ ވެރިކަމުންވެސް ތަޢުބީރުކޮށްދެނީ، ޑިމޮކްރަސީގެ މަފްހޫމް މާނަކޮށްދޭ މިންވަރަށްވެސް އެތަންތާގެ ނިޒާމުތައް ނުދާކަމެވެ. އަދި ޑިމޮކްރަސީގެ ރޫޙުނެތްތާ، އެނަންކިޔާ އެއްޗަކައި ކާރިވެފައިވެސް ނުވާކަމެވެ. މިދެންނެވުނު ވާހަކަތަކުން، މިދުނިޔެއަށް ޑިމޮކްރަސީ އުފަންވިގޮތާއި ފެތުރިގެން ދިޔަގޮތާއި، ފެތުރިފައިވާ މިންވަރު ފުދޭވަރަކަށް، ހާމަކޮށްދެވިއްޖެ ކަމުގައި ދެކެމެވެ. އެކި ދުވަސްވަރު، ޑިމޮކްރަސީއޭ މިކިޔާ ފިކުރު، “ވަށްތަރެއްގެ ވިސްނުމެއް” އޮތީ، އެކިގޮތަށެވެ. އެކިވަށްތަރަށެވެ. އެކި ޞޫރަޞޫރައިގައެވެ. އެއްވެސް ބަޔަކަށް، ޢިލްމީގޮތުން ފަތްފުށްތަކުގައި މިހާތަނަށް ލިޔެވިފައިވާ ޑިމޮކްރަސީ ނިޒާމަށް، ޢަމަލީސިފައެއް ގެނެސްދެވި ފައެއްނުވެއެވެ. ކުރީޒަމާނުގައި ޔޫނާނުގައި ލިޔެވުނު ފަތްފުށް ތަކާއި ފަހުގެޒަމާނުގައި އިނގިރޭސިންނާއި އެމެރިކާނުން ލިޔުއްވި ފޮތްތައް ބޭނުން ކުރެވެނީ، ހަމައެކަނި ޔުނިވަރސިޓީ ތަކުގައި މަތީތަޢުލީމަށް ކިޔަވައިދޭށެވެ. ޢަމަލީމައިދާނުގައި އޮންނަނީ ވެރިކަމަށް އަރާފަރާތުގެ ޝަޚްޞީނުފޫޒާއި އަމިއްލަފަރުދީ ބާރާއި ނުފޫޒެވެ. ތަފާތުމީހުން ޑިމޮކްރަސީގެ ނަމުގައި، ވެރިކަމުގެއުޞޫލު ތަކާއި ސިފަތައް ބޭނުންކޮށްފައި ވަނީ، އެބަޔަކަށް ފެނުނު އެންމެމޮޅު ގޮތަށެވެ. އެއްވެސް ދެޤައުމެއްގައި އެއްގޮތަކަށް ހިންގައި ތަންފީޒު ކުރެވިފައެއް ނެތެވެ. ކޮންމެ ބައަކުވެސް ގެންގުޅެނީ އެބައެއްގެ އަމިއްލަ ފަލްސަފާއާއި އެބައެއްގެ އަމިއްލަ ޑިމޮކްރަސީއެވެ.

އާދެ! ޑިމޮކްރަސީގެ އުޞޫލުތަކާއި ސިފަތައް އުފެދި، ތަންފީޒުވަމުންދަނީ، އެކިޒަމާނުގައި އެކިގޮތަށެވެ. އަދި ތަފާތު ފަރުދުން، ޑިމޮކްރަސީ މާނަކޮށްފައި ވަނީ، ތަފާތުގޮތްގޮތަށެވެ. އެކި މުޖްތަމަޢުތަކުގައި އުފެދުނު، އެކިފެންވަރުގެ ތަފާތުމީހުން، އެމީހަކަށް ފެނުނު އެންމެމޮޅު ގޮތަކީ، ޑިމޮކްރަސީކަމަށް ސިފަކޮށްދެވޭތޯ، ބުރަމަސައްކަތްކޮށްފައި ވާތަންފެނެއެވެ. ދިވެހިރާއްޖެއަށް ބަލާލިއަސް އެކިމީސްމީހުން، އެމީހަކަށް ފެންނަ އެންމެމޮޅު ގޮތްތަކާއި ހަމަތަކަކީ، އެމީހެއްގެ އަމިއްލަ ޑިމޮކްރަސީއެއް ކަމަށް ސިފަކޮށް، އެއުޞޫލުތަކާއި ހަމަތައް، ފަތުރަން މަސައްކަތްކޮށްފައި އެބަހުއްޓެވެ. އެމީހަކަށް ފެންނަ އެންމެމޮޅުގޮތަކީ، އެމީހާދެކޭ އެންމެ މޮޅުޑިމޮކްރަސީ ކަމުގައި ހާމަކޮށްދީ، ފަތުރާހަދާފައި އެބަހުއްޓެވެ. އަދި، އެމުޖްތަމަޢެއްގައި އެމީހެއްގެބާރާއި ނުފޫޒު ހުރިވަރަކުން، އެވިސްނުމާއި ފިކުރު ފަތުރާފައި އެބަހުއްޓެވެ. އަދި ގެއްލިވަޅުޖެހި ގޮސްފައިވެސް އެބަހުއްޓެވެ. އެކި މުޖްތަމަޢުތަކުގައި މީގެމިސާލުތައް ބައިވަރު ފެންނަން އެބަހުއްޓެވެ.

ދިވެހި މުޖްތަމަޢުން، ވަރަށްދަށް ފަންތީގެ މިސާލެއްގެނެސް ދޭނަމެވެ. 1984މ. ހިސާބުގައި، ބޭރުދުނިޔެއިން އަޅުގަނޑަށް، ކިޔެވުނުއެއްޗެއް ކިޔެވުނު މިންވަރަކަށް އުގެނުމަށްފަހު، މާލެ އައިސް ޚިދުމަތްކޮށްދޭން ޖެހުނީ، ރައީސް މައުމޫނު ސަރުކާރަށެވެ. އޭރު ސަރުކާރަށް ވަނުމަށް، އެދޭކަށް ނުޖެހެއެވެ. ގެންދަވައި ވާހަކަދައްކަވާ ލެއްވުމަށްފަހު، ވަޒީފާ ހަމަޖައްސަވައި ދެއްވަނީއެވެ. އެގޮތުން އެޓޮލްސް މިނިސްޓްރީގައި، ޚިދުމަތްކުރި ދުވަސްވަރު، އެމިނިސްޓްރީ ތެރެއިން ފެނުނު، ޝަޚުޞިއްޔަތެއްގެ ވާހަކަ ދަންނަވާ ލާނަމެވެ. އާދެ! އެޝަޚުޞިއްޔަތަކީ، އަލްމަރުޙޫމް ކަނޑޫދޫ އަބޫބަކުރު އިބްރާހީމެވެ. މީނާއަކީ، އަޅުގަނޑު ފެނުނު ފުރަތަމަ ދުވަހުންފެށިގެން، އަޅުގަނޑަށް އިސްކަމެއްދީގެން ވާހަކަދައްކާ އުޅޭމީހެކެވެ. އަދި އޭނާޤަބޫލުކުރާ އަމިއްލަ އުޞޫލުތަކާއި ހަމަތަކާއި ސިފަތަކެއް ހާމަކުރަމުން ގެންދިޔަ މީހެކެވެ. އޭނާ ވިދާޅުވަނީ، އެއީއޭނާ ޤަބޫލުކުރާ އޭނާގެ އަމިއްލަ ޑިމޮކްރަސީއެއް ކަމަށެވެ. ފަހެ، އަޅުގަނޑު، އޭނާގެ ޑިމޮކްރަސީއަށް ދިންނަމަކީ، “އަބޫބަކުރު ޑިމޮކްރަސީ” އެވެ. މިނަންދޭން ޖެހުނީ، އޭނާގެންގުޅުއް ވަމުން ގެންދަވާ އަމިއްލައުޞޫލު ތަކާއި ހަމަތައް، އޭނާއަށް ޤަބޫލުކުރެވިފައި ހުރިލެއް ބޮޑުކަމާއި އެގޮތްތައް ހިފާއްޓާއި ފެތުރުމަށް އޭނާ، ބުރައުފުލައި ހިތްވަރާއެކު ކުރެއްވި މަސައްކަތުންނެވެ. އޭނާޤަބޫލުކުރާ ގޮތުގައި އޭނާއަކީ، ކިޔަވާކުދިންނަށް ލެކްޗަރުދިނުމަށް، ފުރުޞަތުއޮންނަން ޖެހޭނެ ބޮޑެތިތަޖްރިބާ ތަކެއްހުރި ބޭފުޅެކެވެ. އަދި ބޮޑު ޖަމުޢިއްޔާއެއްގެ ރައީސެކެވެ. އޭނާ ދެކިލައްވާގޮތުގައި އޭނާއަކީ، ދިވެހި ޤައުމުގެ ވެރިކަންވެސް ކުރެވިދާނެ ބޭފުޅެކެވެ. ކޮންމެވާހަކައެއް ގައިވެސް އިސްރާއީލީދައުލަތް އަދިވެސް އޭނާޤަބޫލު ނުކުރައްވާ ވާހަކަވިދާޅުވާ ނެއެވެ. އޭނާ އެންމެ އުފާވެރިކަންމަތީގައި ހުއްޓާ އަޅުގަނޑަށް ފެނުނުދުވަހަކީ، އަޅުގަނޑު އެވަޤުތު ހުރިތަނެއް ހޯދައިގެން، އެޓޮލްސް މިނިސްޓްރީ ތެރެއިން އަޅުގަނޑާ ބައްދަލުކުރި ދުވަހެކެވެ. އަޅުގަނޑު ހަދާންވަނީ، އެއީއޭނާ އަވަހާރަވުމުގެ ދިހަވަރަކަށް މަސް، ކުރިކަމަށެވެ. ވަރަށް އުވާފެރިކަން މޫނުމަތިން ފެންނަންހުއްޓެވެ. ސަލާމް ކޮށްލުމަށްފަހު، ވަރަށް ހިނިތުންވުމާއެކު ވިދާޅުވަނީ، “މިއަދުމިއައީ ކިޔަވާކުދިން ތަކަކަށް ލެކްޗަރެއް ދީފައެވެ.” އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ރޭއްވެވި، ކޮންމެވެސް ކޯސްތަކަކަށް ކިޔަވައިދޭ މަރުކަޒަކުން، ކިޔަވާކުދިންނަށް ލެކްޗަރެއް ދިނުމަށް އަބޫބަކުރު ގެންދެވީއެވެ. އަޅުގަނޑުމެންގެ ބައްދަލުވުން ތަކުގައި އަބޫބަކުރު އެންމެބޮޑަށް ހިތްހަމަޖެހި އުފަލުން ފުރިފައި ހުންނެވި ދުވަހަކީ، އެދުވަސް ކަމުގައި، މިހާރުވެސް އަޅުގަނޑަށް ފާހަގަކުރެވެއެވެ. އޭނާތުރުކުރައްވާ ހުރިހާ ޤަމީސް ތަކެއްގެ މޭމަތީޖީބުގެ ކަނާއަތްފަރާތުގައި އިނގިރޭސި އަކުރުން “ކޭ” އަކުރު ލިޔެފައި ހުންތަތަން ތަކުރާރުކޮށް ފެންނަމުންދާތީ އެކަމާބެހޭގޮތުން، އެއްދުވަހަކު ސުވާލު ކޮށްލުމުން ވިދާޅުވީ އެއީބޮޑުސިއްރެއް ކަމުގައެވެ. އެހެންދުވަހެއްގައި އަނެއްކާވެސް މިވާހަކަ ތަކުރާރުކޮށް ދެންނެވުމުން ވިދާޅުވީ އެއީ “ކަނޑޫދޫ އަބޫބަކުރުގެ ކޭއަކުރު” ކަމުގައެވެ. އަދި އެންމެފަހުން އަޅުގަނޑައި ބައްދަލުވީ މަރުބަލީގައި އެނދުގައި އޮންނަވަނިކޮށެވެ. އެދުވަހުގެ ވާހަކަތަކުން ކުރުޖުމްލައެއް މިތާގައި ހާމަކޮށް ލާނަމެވެ. އަބޫބަކުރު ވިދާޅުވިއެވެ. “އިލްޔާސަށް އިނގޭ ހެއްޔެވެ. މިތަނަށް ތިމަންނާ ކައިރިޔަށް މިނިސްޓަރުންވެސް މިވައްދަނީ ސަފު ހައްދައިގެން ކިޔޫގައެވެ. ތިމަންނާގެ އަމިއްލަ ގޮތެއްހުންނާ ނެއެވެ.”

އާދެ! މިވާހަކަ މިތާގައި ގެނައުމުގެ ބޭނުމަކީ، އަބޫބަކުރަށް މިފަދަގިނަ ފުރުޞަތުތައްލިބި އޭނާގެ، ފަލްސަފާ ޤަބޫލުކުރާނެ ދަރިވަރުންތަކެއް އުފެއްދުނު ނަމަ، “އަބޫބަކުރު ޑިމޮކްރަސީ” އޭ ކިޔާޑިމޮކްރަސީ އެއްވެސް އުފަންވެފައި އޮތީހެވެ. ދުނިޔެއަށް އެކިއެކި ޑިމޮކްރަސީ އުފަންވެ ފެތުރިގެން ދިޔައީ، މިކަހަލަ ގޮތަކަށެވެ. “އަބޫބަކުރު ޑިމޮކްރަސީ” އާބެހޭގޮތުން، އިވިފައި އޮންނަ ރިވާޔަތެއް މިތާގައި ލިޔެލާ ހިތްވެއެވެ. ޖަމްޢިއްޔަތުލް ފަލާޙުގެ އިންތިޚާބީ ޖަލްސާއެއް އޮތްރެއެއްގައި ޖަލްގައި ތިއްބެވި މެމްބަރުންގެ ވަރަށްބޮޑު އަޣްލަބިއްޔަތުން، އަލްމަރުޙޫމާ އައިމިނަތު ޙުސައިން، ރައީސާ އަކަށް ހޮއްވެވުމުން އަބޫބަކުރަށް، ޖަލްސާގައި ނުއިންނެވިގެން ތެދުވެ ވަޑައިގެން ވިދާޅުވިއެވެ. “ޖަމްޢިއްޔަތުލް ފަލާޙަކީ، އަވިގަދަދުވަހެއްގެ މެންދުރު ވަޤުތެއްގައި، ތިމަންނާ ހިތްލައިލި ކުޑައެއްގެ ހިޔާވަހިކަމެވެ. އެކުޑަދަށުގައި ތިބޭނީ، ތިމަންނާއަށް ތާއީދުކުރާ މީހުންނެވެ. ތިމަންނާއަކީ، ރައީސެވެ. އިންތިޚާބު ބާޠިލުވީއެވެ”. ދެންފަހެ، އެހަމައިން ފެށިގެން އަދިއަދާޖެހެން ދެންވެސް އެޖަމުޢިއްޔާގެ ރައީސަކީ އަބޫބަކުރެވެ. އާދެ! އަޑުހަރުކޮށް ގޮވާލަމުންދާ، ޒަމާނީ ޑިމޮކްރަސީ ތަކުގެ އެތެރެފުށުގެ، ފެންވަރަކީ މިއެވެ. ހަރުދަނާ މަޝްވަރާގެ އަޞްލަކަށް ރުޖޫޢަވެ “އިސްލާމީ ޑިމޮކްރަސީ” އެއް ބިނާކުރުމަށް ހުޅަގަށާއި އިރުމައްޗަށް ގޮވާލަން، އަޅުގަނޑަށް ޖެހުނީ މިސަބަބު ތަކާހެދިއެވެ. އިސްލާމްދީނު ގޮވާލާމަޝްވަރާގެ އަޞްލުއުޞޫލު ތަކުގެ މައްޗަށް ބިނާކޮށް މެނުވީ، ރައްޔިތުންގެ މައްޗަށް ތަންފީޒު ކުރެވޭނެ ޑިމޮކްރަސީއެއް ޤައިމު ނުކުރެވޭނެތީއެވެ. އިސްލާމް ދީނަށް ރުޖޫޢަނުވެ ފުރިހަމަ ވެރިކަމުގެ ނިޒާމެއް، އަދި ޤާނޫނީޙުކުމެއް ޤައިމުނުކުރެވޭ ނެތީއެވެ.

އާދެ! ދެން އަޅުގަނޑު އެނބުރިލާނީ، އިސްލާމް ދީނުގެނެސް ދެއްވި، މަޝްވަރާގެ ހަމަތަކުގެ އިސްލާމީޑިމޮކްރަސީ އައި ދިމާއަށެވެ. އަޅުގަނޑުގެ ދިރާސާ ބިނާކުރަމުން މިގެންދަނީ، އެޑިމޮކްރަސީގެ، ފުރިހަމަބިނާގެ މައްޗަށެވެ. އެބިނާއަކީ، “އިސްލާމީޑިމޮކްރަސީ” އެވެ. އެޑިމޮކްރަސީގެ ދާއިރާއަކީ، ވަރަށް ތަނަވަސްފުޅާ ދާއިރާއަކަށް ވެފައިވާތީ، އަޅުގަނޑު ޤަޞްދުކުރަނީ، އެކިބައިބަޔަށް ބަހާލައިގެން ކުރިޔަށް ގެންދިއުމަށެވެ. އެބައިތަކަކީ، އިސްލާމްދީނުގައި ހުރި، ޑިމޮކްރަސީ ހަމަތައްކަމަށްވާ، އިންސާނީ ޑިމޮކްރަސީ އާއި ސިޔާސީ ޑިމޮކްރަސީ އާއި އިޤްތިޞާދީ ޑިމޮކްރަސީ އާއި އިޖްތިމާޢީ ޑިމޮކްރަސީއެވެ. މިއިން ކޮންމެބައެއްގެ، ކުރުކުރު ތަފްޞީލެއް ދަންނަވާލާނަމެވެ. އަދި މިބައިތަކަށްފަހު، އިސްލާމީ ޑިމޮކްރަސީ އަޚްލާޤަކީ ކޮބައިތޯ، ކުރުކުރުގޮތަކަށް ބަޔާންކޮށްދޭ ހިތްވެއެވެ. އެހެންވުމާ އެކު، މިލިޔުމުގެ އެންމެ ފަހު ބައެއްކަމުގައި އަޅުގަނޑު ހަމަޖައްސާނީ، އެބައިކަމުގައި ދަންނަވާލާ ހިތްވެއެވެ.

އިންސާނީޑިމޮކްރަސީ :

އިސްވެދިޔަ ކުރުޚުލާޞާ ތަކުން އަޅުގަނޑުމެންނަށް މިހާރު ޤަބޫލުކުރެވެން ޖެހޭނެއެވެ. އިސްލާމީ ޝަރީޢަތަކީ، އެހެން ހުރިހާޝަރުޢު ތަކަކަށްވުރެ ކުރިން އެންމެފުރިހަމަ އިންސާނީ ޑިމޮކްރަސީއަށް ގޮވާލެއްވި ޝަރީޢަތެވެ. އަދި ދީނެވެ. މިއީ ތުންތުންމަތިން ވާރުތަވަމުންއައި ފުލޯކު ފަލްސަފާއެއް ނޫނެވެ. ޝަރުޢީ އެންމެ ފުރިހަމަ ޑިމޮކްރަސީއެކެވެ. ފަހެ، މިޑިމޮކްރަސީއަކީ، އިންސާނާއަށްހުރިހާ އޮޅުވާލުމަކާއި ޙީލަތްތަކާއި ފިތުނަތަކުން ދުރުވެ، އެއްކިބާވެތިބެ ސަރުކާރެއް ހޮވާއި، އިޚްތިޔާރު ކުރުމުގެ ޙައްޤުލިބިދޭ އެންމެވަރުގަދަ ބާރެވެ. އިންސާނިއްޔަތަށްހުރި ކަރާމާތެކެވެ. ހިދާޔަތެކެވެ.

އާދެ! މިއުޞޫލާއި ސިފަތަކުގެ މަތީގައިއޮންނަ ޑިމޮކްރަސީއެއް ބިނާކުރެވިފައި އޮންނާނީ، ހަތަރު އަސާސެއްގެ މައްޗަށްކަން ކަށަވަރެވެ. ފަހެ، އެއީ ބިންގަލެވެ. އަސާސެވެ. އެހަތަރު އަސާސަކީ؛ (1) ފަރުދީމަސްއޫލިއްޔަތެވެ. (2) އެންމެންގެ މެދުގައި ހަމަހަމަ ކަމާއި ޙައްޤުތައް އެއްވަރުވުމެވެ. (3) ވެރިންނަށް މަޝްވަރާކުރުން ވާޖިބުވުމެވެ. (4) ޖޯގުރަފީގޮތުން އެކިއަތޮޅުތަކަށާއި އެކިރަށްރަށަށާއި އެކިފެންވަރުގެ ދަރަޖަތަކަށާއި ޠަބަޤާތަކަށް ރައްޔިތުން ބެހިފައިވަނިކޮށް، އެކަތިގަނޑަކަށް އެއްއުންމަތަކަށް، އެއްމުޖްތަމަޢަކަށް ހެދުމެވެ. އަދި އެއްބަޔަކަށް ހެދުމާއި އެއްބައިވަންތަ ބަޔަކަށް ހެދުމެވެ. ފަހެ، މިހުރިހާ އަސާސްތަކެއްވެސް ޤުރުއާންމަޖީދާއި ޙަދީޘް ޝަރީފުގައި ވަރަށް ޞަރީޙަކޮށް ވާރިދުވެފައި ވެއެވެ. ފަރުދީ މަސްއޫލިއްޔަތު ޤުރުއާން މަޖީދުގެ އާޔަތްތަކުގައި ތަކުރާރުކޮށް، ހުރިހާ މަސްއޫލިއްޔަތުތައް ޖުމްލަކޮށް، އެކުލަވާލެވޭ ގޮތަށް ވާރިދުވެފައި އެބަހުއްޓެވެ. އެއްވެސް ޙާލެއްގައި އެއްއިންސާނަކު ކުރާކަމަކުން، އަނެއްއިންސާނަކު ފާފައެއް ނުވާނެއެވެ. ކޮންމެ އިންސާނަކީ، ފުރިހަމަ އިޚްތިޔާރާއެކު އަމިއްލަ ބުއްދިއެއްގެ އަހުލުވެރިއެކެވެ. ރަނގަޅާއި ނުރަނގަޅު ޚިޔާރުކުރުމުގެ ފުރިހަމަ މިނިވަނެކެވެ. ފަހެ، “އެއްވެސް ފާފަވެރި ކުށްވެރިޔަކު އެހެންމީހެއްގެ ފާފަޔާއި ކުށެއް ނުއުފުލާނެ އެވެ”. (އަލްއަންޢާމު ސޫރަތުގެ، 164 ބައްލަވާށެވެ.)

އަދި އެއްވެސް އިންސާނަކަށް، ކާބަފައިންގެ ފާފައަކަށް އަދި އޭނާ، ވިހެއުމުގެ ކުރީގައި ކާބަފައިން ކޮށްފައިވާކަމަކަށް އެއްވެސް ހިސާބުކިތާބެއް ނޯންނާނެއެވެ. އިންސާނީ މިނިވަންކަމާއި “އިންސާނީ ޑިމޮކްރަސީ” އަކީ މިއެވެ. ފަހެ، “އެއީ، ފާއިތުވެ ހިނގައްޖެ އުންމަތެކެވެ. އެބައިމީހުން ހޯދައި ގަތްކަމެއް އެބައިމީހުންނަށެވެ. ތިޔަބައިމީހުން ހޯދައިގަތްކަމެއް ތިޔަބައިމީހުން ނަށެވެ. އެބައމީހުން ކުރަމުންގެންދިޔަ ކަންތަކާމެދު، ތިޔަބައިމީހުންނައި ސުވާލު ނުކުރެއްވޭ ހުއްޓެވެ.” (އަލްބަޤަރާ ސޫރަތުގެ، 134 ބައްލަވާށެވެ.)

އަދި އެއްވެސް އިންސާނަކު، އޭނާކުރާކަމެއް ނޫން އެހެންކަމަކުން މަސްއޫލުވެރިވެ، ޒިންމާވާކަށެއް ނުޖެހޭނެއެވެ. އިންސާނީ މިނިވަންކަމަކީ، (އިންސާނީ ޑިމޮކްރަސީއަކީ) މިއެވެ. ފަހެ، “އިންސާނާއަށް އޭނާކުޅަ ހެޔޮޢަމަލެއް މެނުވީ ނުވެއެވެ.” (އައްނަޖްމު ސޫރަތުގެ، 39 ބައްލަވާށެވެ.)

“ކޮންމެ ނަފްސެއްވެސް ރަހުނު ކުރެވިގެންވަނީ، އެމީހެއްގެ ޢަމަލުތަކުގެ މައްޗަށެވެ.” (އަލްމުއްދަޘިރު ސޫރަތުގެ، 38 ބައްލަވާށެވެ.)

އާދެ! މިއާޔަތުގައި ﷲ، “ރަހީނަތުން” މިބަސްބޭނުން ކުރައްވާފައި އެވަނީ، ވަރަށްމާނަފުން ގޮތަކަށެވެ. ޝައްކެއްނެތް ގޮތުގައި އިންސާނީ ޑިމޮކްރަސީ ހިމެނޭ ގޮތަށެވެ. އަލްމަރުޙޫމް ސައްޔިދު އަބުލްއަޢުލާ މައުދޫދީ، އޭނާގެ ތަފްސީރު ކަމުގައިވާ “ތަފްހީމުލްޤުރުއާން” ގައި ވިދާޅުވެފައިވަނީ މިފަދައިންނެވެ. ރަހީނާ އަކީ ރަހުނެވެ. “ރަހުނު ކުރުމަކީ، މީހަކު މީހެއްގެއަތުން ދަރަންޏެއް ނަގާފައި އެދަރަނި ވަކިމުއްދަތެއްގެ ތަރޭގައި އަދާކުރާނެކަން އަންގައިދިނުމުގެ ގޮތުން، ދަރަނި ނެގޭމީހާގެ އަތުގައި، ޒަމާނަތެއްގެ ގޮތުގައި އެދަރަންޏައި އެކަށީގެންވާ އެއްޗެއް ބޭއްވުމެވެ. ދަރަނީގެ މުއްދަތު ހަމަވާއިރު އެދަރަނި އަދާނުކޮށް ހުރެއްޖެނަމަ، ރަހުނެއްގެ ގޮތުގައި ދަރަނިދިން މީހާއަތުގައި ބޭއްވުނު އެއްޗަކީ، އަބުރާލިބޭނެ އެއްޗެއް ނޫނެވެ. އެއީ އޭނާގެ ބާރުދަށަށް ދާނެ އެއްޗެކެވެ. އެކަމަކު މިގޮތަށް ނިންމޭނީ ދަރަނި އަދާކުރަން އޮންނަ މުއްދަތުގައި ދަރަނި ދަށްކައި ރަހުނު، ޚަލާޞް ނުކުރިއްޔާއެވެ. ހަމަ އެފަދައިން، ﷲ މިތާގައި އެއަންގަވަނީ، ހުރިހާ އިންސާނުންނަށް، ﷲ ބާރާއި ވިސްނުމާއި ހެޔޮމަގުގައި ދެމިހުރުމުގެ އިޚްތިޔާރު ދެއްވާފައި އެވަނީ، މަތީގައި އެބުނެވުނު ފަދަ، ދަރަންޏެއްގެ ސިފައިގައެވެ. އެދަރަނީގެ ޒަމާނަތެއްގެ ގޮތުގައި، ﷲގެ ޙަޟުރަތުގައި ރަހުނު ކުރެވިފައި ވަނީ، ނަފްސުތަކެވެ. ނަފްސުތައް ސަލާމަތް ކުރެވެން އަންނާނީ، ﷲ އާއި އަޅާއައި މެދުގައި އެވާދަރަނި ޞައްޙަގޮތުގައި އަދާކުރެވި ގެންނެވެ. އާދެ! އެދަރަންޏަކީ، ﷲ ދެއްވާފައިވާ އިޚްތިޔާރުގެ މަތިން ހެޔޮކަންތައް ކުޅައުމެވެ. ނަފްސުތައް ނުރައްކަލާއި އަނިޔާއިން ސަލާމަތް ކުރުމެވެ. އެހެންނޫނީ ޤިޔާމަތްދުވަހު ނަފްސުތައް އޮބެހެއްޓޭނެއެވެ. ކަސްތަޅުތައް އެޅުވޭނެއެވެ. މަޙްޝަރުކުރެވި، އިންޞާފު ކުރެވޭނެއެވެ.” ފަހެ، މިއީ އިންސާނީ މިނިވަންކަމާއި އިންސާނީ ޑިމޮކްރަސީ އިސްލާމީ ޝަރީޢަތުގައި އޮތްމިންވަރެވެ. އަދިވެސް އައްސަވާށެވެ!

“އެދުވަހުން، ކޮންމެމީހަކަށްމެ، އެމީހަކުގެ ޢަމަލުތަކުގެ މައްޗަށް، ލިބެންވީ އުޖޫރަހަމައަށް، ލިބޭހުއްޓެވެ. އަދިހަމަ އެކަކުގެ މައްޗަށްވެސް އިންސާފެއް ނެތްގޮތުގައި، އެއްވެސް ކަމެއް ނުކުރެވޭ ހުށިމެއެވެ.” (އަލްބަޤަރާ ސޫރަތުގެ، 281 ބައްލަވާށެވެ.)

ފަހެ، ޖުމްލަގޮތެއްގައި ޒިންމާދާރީއާއި މަސްއޫލިއްޔަތުގެ ތަފްޞީލު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ކަމަށް، އިމާމުލްބުޚާރީ ރިވާކުރައްވާފައިވާ މިޙަދީޘުން، އެނގިވަޑައި ގަންނަވާނެއެވެ. އެޙަދީޘްގެ މާނާގައިވަނީ މިފަދައިންނެވެ. “ތިޔައިން ކޮންމެމީހަކީވެސް ކަންކަމާ ޙަވާލުވެ، ޒިންމާދާރުވެ، މަސްއޫލިއްޔަތު އުފުލުމަށް ތިބިބައެކެވެ. އަދިތިޔައިން ކޮންމެމީހަކީވެސް އެމީހަކައި ބަލަހައްޓަން ހަވާލުވެފައިވާ ކަމެއްގައި ޒިންމާވެ، މަސްއޫލުވާން ޖެހޭނެ މީހެކެވެ. އިމާމަކީ، އާދެ! ވެރިމީހާއަކީ، ބޮޑުޒިންމާ އަކާއި މަސްއޫލިއްޔަތެއް ހަވާލުވެފައިވާ މީހެކެވެ. އަދި އޭނާއަކީ، އޭނާގެދަށުން ތިބި އެންމެންގެ ކަންކަމުގައި ޒިންމާވެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ މީހާއެވެ. އަދި ފިރިހެނާއަކީ، އޭނާގެ އާއިލާގެ އެންމެހައި ކަންތައްތައް ޒިންމާވެ ބަލަހައްޓަން ޖެހޭނެ މީހާއެވެ. އަދި އޭނާއަކީ، އޭނާގެ ދަށުންތިބި، އެންމެންގެ ކަންކަމުގައި ޒިންމާވެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެ މީހާއެވެ. ފިރިމީހާގެ ގޭގައި، އަނބިމީހާ ވާންޖެހޭނީ، ގޭގެއެންމެހައި ކަންތައްތައް ބަލަހައްޓައި ޒިންމާ އުފުލާމީހާއަށެވެ. އަދި އޭނާއަކީ، އޭނާގެދަށުން ތިބި، އެންމެންގެ ކަންކަމުގައި ޒިންމާވެ، މަސްއުލުވާން ޖެހޭނެ މީހާއެވެ. އަދި ޚާދިމު މީހާއަކީ، އޭނާބަލަހައްޓާއި ޒިންމާނަގަން ޖެހޭމީހުންގެ، މުދަލާއި އެހެނިހެން ކަންތައްތަކައި ހަވާލުވެ ބަލަހައްޓާ މީހާއެވެ. އަދި އޭނާއަކީ، އޭނާގެ ދަށުންތިބި، އެންމެންގެ ކަންކަމުގައި ޒިންމާވެ މަސްއޫލުވާން ޖެހޭނެ މީހާއެވެ.”

އާދެ! ހަމައެހެންމެ އެންމެންގެ މެދުގައިވެސް، ދަރިފަސްކޮޅާއި ހަސަބާއި ނަސަބުގައި އެއްވެސްކަހަލަ ތަފާތުކުރުމެއް، އަދި ފަރަގުކުރުމެއްނެތި، ހަމަހަމަކަމާއި، ޒިންމާވާންޖެހޭ އެކިއެކި މަސައްކަތުގައި ވެސް އެއްވެސްކަހަލަ ތަފާތުކުރުމެއް، އަދި ފަރަގުކުރުމެއްނެތި، ހަމަހަމަކަން ބެހެއްޓުމަށާއި އަދި ހުރިހާޙައްޤު ތަކެއްގައިވެސް އެންމެން ހަމަހަމަވެފައި އެއްވަރުކަމަށް، ޤުރުއާން މަޖީދުގައި ވަރަށްޞަރީޙަކޮށް ވާރިދުވެފައި އެބަހުއްޓެވެ. “އޭމީސްތަކުންނޭވެ! ތިމަން ﷲ، ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އެއީ އާދަމްގެފާނާއި ޙައްވާގެފާނެވެ. އަދި ތިމަން ﷲ، ތިޔަބައިމީހުން ބައިބަޔަށް، ޤަބީލާތަކަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް، ތަޢާރުފްވެ އެނގުމަށެވެ. ހަމަކަށަވަރުން ﷲގެ ޙަޟްރަތުގައި، އެންމެމާތްކަން ބޮޑީ، ތިޔަބައި މީހުންގެ ތެރެއިން ތަޤުވާ ވެރީންގެއެވެ.” (ޙުޖުރާތު ސޫރަތުގެ، 13 ބައްލަވާށެވެ.)

ﷲ މިއާޔަތުގައި ގެންނަވާފައިވާ “ތަޤުވާ” މިކަލިމައިގެ ތެރޭގައި ހުރިހާޒިންމާ ތަކަކާއި މަސްއޫލިއްޔަތު ތަކެއް، ޝާމިލުވެއެވެ. އިންސާނާ ސަލާމާތްވާންވީ ކޮންތަންތާކުން ކަމާއި އުޅެންވީ  ކިހިނެތްކަމާއި ސުވާލު އަންނާނީ ކިހިނެތް ވީމާކަން “ތަޤުވާ” ގެތެރޭގައި ޝާމިލުވެގެން ވެއެވެ. ތަޤުވާއަކީ، ތެދުމަގުގެ މިޞްރާބެވެ. ސަމުގާއެވެ. އާދެ! އިންސާނާ ތަޤުވާވެރި އަކަށް ވެއްޖެނަމަ، އެހުރެވުނީ ހުރިހާ އިމްތިޙާނު ތަކަކުންނާއި މުޞީބާތްތަކުން، ސަލާމަތްވެ އެންމެމަތީ ދަރަޖައިގެ މުސްލިމަކަށް ވެފައެވެ. ދެދުނިޔޭގައި ކާމިޔާބު މީހަކަށް ވެފައެވެ. ތާއަބަދަށް ފަނޑުވުމެއްނެތް ނިޢުމަތުގައެވެ.

އަދި، ދުނިޔެމަތީ ދިރިއުޅުމުގައިދެމި ހުރިއިރުއޮތް، ޙަސަބާއި ނަސަބުގެ ގުޅުމަކުން، ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް، އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް، ކާމިޔާބުކޮށެއް ނުދެވޭނެއެވެ. ސުވަރުގެ ހޯދައެއް ނުދެވޭނެއެވެ. އެމީހެއްގެ ކާމިޔާބުހޯދާނީ އެމީހެކެވެ. އަމިއްލައަށެވެ. ދެން، “ފަހެ، އެމީހުންގެ މެދުގައި، އެދުވަހުން ނަސަބުތަކެއް (ނަސަބުގެގުޅުންތަކެއް) ނެތެވެ. އަދި އެބައިމީހުން އެކަކު އަނެކެއްގެ ކިބައިން ކަންތަކަށް އެދި، ސުވާލެއްވެސް ނުކުރާނޭމެވެ.” (މުއުމިނޫން ސޫރަތުގެ، 101 ބައްލަވާށެވެ.)

އަދިވެސް އިންސާނީ ޑިމޮކްރަސީގެ މާނަދޭހަވާގޮތަށް ހުރިވަރަށްގިނަ، ޙަދީޘްތައް ރަސޫލުﷲ، ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައި އެބަހުއްޓެވެ. ފަހެ، އޭގެން ޙަދީޘެއްގެ މާނާގައި ވެއެވެ. “އޭ! ޤުރައިޝްވަންހާގެ މީހުންނޭވެ! ތިޔަބައިމީހުންގެ ނަފްސުތައް، ތިޔަބައިމީހުން ސަލާމަތްކުރާށެވެ! ﷲގެ ޙަޟްރަތުގައި ތިމަންކަލޭގެފާނަށް، ކޮށްދެވޭނެ ކަމެއްނެތެވެ. އޭ! ޢަބްދުލްމަނާފުގެ ދަރިކޮޅެވެ! ﷲގެ ޙަޟްރަތުގައި ތިމަން ކަލޭގެފާނަށް ކޮށްދެވޭނެ ކަމެއްނެތެވެ. އޭ! މުޙައްމަދުގެފާނުގެ ފާތުމަތެވެ! ތިމަންކަލޭގެފާނުގެ މުދަލާމެދު، ހިތަށް އެރިގޮތަކަށް ސުވާލުކުރާށެވެ. ﷲގެ ޙަޟްރަތުގައި ތިމަން ކަލޭގެފާނަށް، ކޮށްދެވޭނެ ކަމެއްނެތެވެ.”

އަދި އެހެން ޙަދީޘެއްގައި ވެއެވެ. “އޭ! ޢައްބާސެވެ! އޭ! ޞޮފިއްޔާއެވެ! އޭ! މުޙައްމަދުގެފާނުގެ ފާތުމަތެވެ! ﷲގެ ޙަޟްރަތުގައި އެއްގޮތަކަށް ވެސް، ތިޔަބޭކަލުންނަށް ވުރެބޮޑަކަށް، ތިމަންކަލޭގެފާނު ފުދިގެންނެއް ނުވެއެވެ. ތިމަން ކަލޭގެފާނަށްހުރީ، ތިމަންނާކުޅަ ޢަމަލެކެވެ. ތިޔަބޭކަލުންނަށްހުރީ، ތިޔަބޭކަލުންކުޅަ ޢަމަލެވެ.”

އަދިވެސް އެހެން ޙަދީޘެއްގައި ވެއެވެ. “އެއްވެސް ޢަރަބިމީހަކަށް ޢަރަބި ނޫންމީހެއްގެ މައްޗަށް، ފަޟީލަތްތެރިކަމެއް އަދި، މާތްކަމެއް ނުވެއެވެ. އަދި އެހެންމެ ޤުރައިޝް ވަންހައިގެ އެއްވެސް މީހަކަށް، ޙަބަޝީއެއް (ބަބުރެއް) ގެމައްޗަށް، ތަޤުވާވެރި ވުމުގެ ގޮތުންނޫނީ، މާތްކަމެއް ނުވެއެވެ.”

ޞަޙާބީބޭކަލަކު، “އޭ! ކަޅުމީހާގެ ދަރިޔާއޭ!” ގޮވާލެއްވި އަޑު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އިވިވަޑައި ގެންނެވުމުން ކޯފާވެލައްވައި ޙަދީޘް ކުރެއްވިކަމަށް ރިވާވެގެން ވެއެވެ. “ތަޤުވާގެ ގޮތުންނާއި ހެޔޮޢަމަލު ކުރުމުގެ ގޮތުން މެނުވީ، ދޮންމީހާގެ ދަރިޔަށް ކަޅުމީހާގެ ދަރިޔާގެ މައްޗަށް އެއްވެސް މާތްކަމެއް، ފަޟުލްވަންތަކަމެއް ނުވެއެވެ.” ކިހާސާފުތޯއެވެ. އެއްވެސް ޝައްކެއް އޮޅުމެއްނެތެވެ. އެންމެ އާދައިގެ ވިސްނުމުން ވިސްނާލަން ވަރަށް ފަސޭހައެވެ. އެއްވެސްކަހަލަ އުނދަގޫ ކަމެއްނެތެވެ. ދީނުގައި އެކުލެވިފައިވާ އިންސާނީ ޑިމޮކްރްސީ ފުޅާކަން ވިސްނާލެއްވުން އެދެމެވެ.

އިސްލާމީ ދަޢުވަތަކީ، ހުރިހާ އިންސާނުންނަށް ވެސް، އަދި ހުރިހާ ޖިންނީންނަށް ވެސް އަދި ހުރިހާ ޖިންސަކަށް ވެސް ހަމަހަމައެއްޗެއްކަން ޤުރުއާންމަޖީދުން ވަރަށްސާފުކޮށް އިނގެއެވެ. އިންސާނީ ޑިމޮކްރަސީއަކީ، މިއެވެ. ފަހެ، ދަންނާށެވެ! “އެންމެހައި މީސްތަކުންގެ ގާތަށް މެނުވީ، ތިމަން ﷲ، ކަލޭގެފާނު ނުފޮނުއްވަމެވެ”. (ސަބައަ ސޫރަތުގެ، 28 ބައްލަވާށެވެ.)

އާދެ! ހަމައެހެންމެ މަޝްވަރާ ކުރުމަކީ، މުހިންމު ވާޖިބެއްކަން އަންގައިދޭ އާޔަތްތައް ޤުރުއާން މަޖީދުގައި ވަރަށް ޞަރީޙަކޮށް އައިސްފައި އެބަހުއްޓެވެ. މިނިވަންކަމާއި އިސްލާމީ ޑިމޮކްރަސީގެ މުގުލަކީ، މިއެވެ. “އަދި އެބައި މީހުންގެ މެދުގައި، ކަންތައްތައް ކުރުން އޮތީ، މަޝްވަރާގެ މަތިންނެވެ”. (ޝޫރާ ސޫރަތުގެ، 38 ބައްލަވާށެވެ.)

“އަދި ކަންތަކާމެދު އެމީހުންނައި މަޝްވަރާ ކުރައްވާށެވެ. ފަހެ ކަމަކާމެދު، ކަލޭގެފާނު ޢަޒުމްކަނޑަ އަޅުއްވައިފިނަމަ، ﷲގެ ކިބައަށް ވަކީލު ކުރައްވާށެވެ.” (އާލުޢިމްރާނު ސޫރަތުގެ، 159 ބައްލަވާށެވެ.) ކިހާވަރުގަދަ ޑިމޮކްރަސީއެއް ތޯއެވެ. ރަނގަޅޫ ގޮތުގައި ވިސްނުމަށް ގެންނަވައިފި ހިނދު އަޖައިބުވެ އަންތަރީސް ވާނެއެވެ. މިއީ، ﷲގެ ކުޅަދުންވަންތަ ކަމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަގެ ފަރާތްޕުޅުން، އިންސާނީ ޑިމޮކްރަސީއަށް މަގުފަހިކޮށްދޭ މަޝްވަރާގެ ވަރަށްގިނަ މައްސަލަތައް ރިވާވެގެން ވެއެވެ. ވާރިދުވެފައި އެބަހުއްޓެވެ. ދިރިއުޅުމުގެ މުޅިޙަޔާތަކީ، މަޝްވަރާއެވެ. ކުރިއެރުމާއި ހަމަޖެހުމަކީ މަޝްވަރާއެވެ. ސަލާމަތްތެރި ކަމާއި ރައްކާތެރިކަމަކީ، މަޝްވަރާއެވެ. ހަނގުރާމައިގެ ކަންކަމުގައާއި ހަނގުރާމަ ނޫންދުވަސް ވަރުގެ ކަންކަމުގައިވެސް، ރަސޫލާގެ އަމިއްލަފުޅު ރައުޔުދޫކޮށް ލައްވައި ޞަޙާބީންގެ ރައުޔުގައި ހިއްޕަވާފައި އެބަހުއްޓެވެ. މިހުރީ މިފަދަ ޑިމޮކްރަސީއެއްގެ ވާހަކަ ދައްކާ މަޤާމެއްގައި ޢިބުރަތް ލިބިގަންނަންވީ ފިލާވަޅުތަކެވެ. އަދި އިސްލާމް ދީނުގައި އިސްލާމީ ޑިމޮކްރަސީގެ ދާއިރާ އޮތްލެއް ފުޅާކަން ހާމަކޮށްދޭ ހެކިތަކާއި ދަލީލުތަކެވެ. ކަންކަމަށްބާރު ލިބިދެނީ، ރައްޔިތުންނާ ހަމައިންކަމަށް ފެންނަންހުރި ހެކިތަކެވެ. އިންސާނިއްޔަތަށް ހުޅުވިފައިހުރި އިންސާނީ ވަންތަކަމާއި ސިޔާސީ ބާރުގެ ރަމްޒެވެ. އިންސާނަކަށްވީތީ، ދީނުންލިބިދޭ ޙައްޤާއި ކާމިޔާބުގެބާރެވެ. ފަހެ، ރޫޙާނިއްޔަތުގެ މިބާރަށް ކިޔަން އެންމެރަނގަޅީ، “އިންސާނީ ޑިމޮކްރަސީ” އެވެ. މަތީގައި މިދެންނެވުނު، އާޔަތްތަކާއި ޙަދީޘްތަކުން މިކަން ވަރަށްސާފުކޮށް، އަންގައިދެއެވެ. އިންސާނުންނަށް ލިބިގެންވާ، މިދެންނެވި އިޚްތިޔާރާއި ބާރުގެ މަޞްދަރަކީ، ﷲގެ ފޮތާއި ރަސޫލާގެ ސުންނަތެވެ. މިދޭތީގައި ގަދަޔަށް ހިފާއްޓާހާހިނދަކު، އިންސާނާ މަގުފުރެދިގެން ނުދާނެކަން ކަށަވަރެވެ. ގެއްލިގެން ނުދާނެކަން ކަށަވަރެވެ. އިންސާނުންނާއި ޖިންނީންނަށް ޤިޔާމަތާ ޖެހެންދެން މިބާރު މިލްކުވެގެންވެއެވެ. މިއީ ހޯދީމާލިބޭނެ، އަދި މިލްކުވާނެ ބާރެކެވެ. ފަހެ، ދަންނާށެވެ! “އިންސާނީ ޑިމޮކްރަސީ” އަކީ، މިއެވެ. ރައްޔިތުންގެ ސިޔާސީބާރަކީ މިއެވެ. އަދިވެސް އިތުރަށް މުޅިމިކާއިނާތާ ދޭތެރޭ ބަލައިލަމާ ތޯއެވެ. ހައްތާވެސް ފެންނަންހުރީ، ޑ ދެއްވާފައިވާ މިނިވަންކަމެވެ. އިންސާނީ ޑިމޮކްރަސީއެވެ.

ފަހެ، ދަންނާށެވެ! ދެންއޮތީ، އަޅުގަނޑުމެން އެންމެހައި އިންސާނުން ދިރިއުޅެމުން މިދާ، އެންމެބޮޑު ޙުކޫމަތަކީ، ސަރުކާރަކީ، ކޮބައިތޯ ވިސްނާލުމެވެ. ޙަޤީޤަތުގައި އެންމެންވެސް އަދި ބޮޑެތިބާރުތަކުން ވެސް މިބަލަނީ، މިކާއިނާތުގެ ބާރުވެރި ބަޔަކަށް ވުމަށެވެ. ދުނިޔޭގެ ވެރިންނަށް ވުމަށެވެ. މިސްލިމުންނާއި ޔަހޫދީންނާމެދު، މިކުރެވޭ ހަނގުރާމަތަކަކީ ވެސް މިއެވެ. އިސްލާމްދީނުގައި އޮންނަ އިސްލާމީ ޑިމޮކްރަސީއާމެދު ދިރާސާކުރެވެމުން ދާއިރު، މިހުރީ ކޮންމެހެންވެސް ފާހަގަކޮށްލަން ޖެހޭމުހިންމު ނުކުތާތަކެވެ. އާދެ! މުސްލިމުން ދިރިއުޅެމުންދާ އެންމެބޮޑު، އަދި އެންމެހައި އިންސާނުންނަށް، ޞަލާޙާއި ފައިދާހުރި ޙުކޫމަތަކީ، ސަރުކާރަކީ، ޙުކޫމަތުލްކައުނު (މުޅިދުނިޔޭގެ ސަރުކާރު) އެވެ. ޙުކޫމަތުލްކައުނަކީ، ﷲގެ ސަރުކާރެވެ. ފަހެ، އެސަރުކާރުގެ ހިޔާވަހި ކަމުގައި، އަޅުގަނޑުމެން މުސްލިމުންނަށާއި އެންމެހައި އިންސާނުންނަށް ވެސްއޮތީ، ހަމަހަމަކަމާއި އެންމެން އެކެތިގަނޑަކަށް ވެގެން ދީނުގައިވާ އިސްލާމީ ޑިމޮކްރަސީ އުޞޫލުތަކުގެ މަތީގައިތިބެ، މުޙަންމަދީ އުންމަތުގެ ދިފާޢީބާރު ވަރުގަދަކޮށް، ދީނީ އަސާސްތަކާއި އުޞޫލުތަކުގެ މަތީގައި ތިބެގެން ދުނިޔެއާއި އާޚިރަތުގެ ނިމުމެއްނެތް ދާއިމީކާމިޔާބާއި ފަލާޙުގެ އުފަލުގައި ތިބުމެވެ. ކައުނީ ސަރުކާރުގައި ﷲ އަކީ، ވޮޑިގެންވާ އެއްކައުވަންތަ ކަލާނގެކަން ޤަބޫލުކުރާ ކޮންމެ އިންސާނަކު ހިމެނޭނެއެވެ. އަދި އެސަރުކާރަކީ، ފުރިހަމަ އިސްލާމީ ޑިމޮކްރަސީ ހަމަތަކުގެ އެންމެމަތީ ސަރުކާރެވެ. އިންސާނުން އަމިއްލައަށް އެސަރުކާރަށް ތަބާވެ ކިޔަމަންތެރި ވާންވީއެވެ. ކޮންމެ މުސްލިމަކަށްވެސް އެސަރުކާރުގެ ޙާކިމަކީ، އަދި ވެރިފަރާތަކީ، ﷲކަން ހިތުގެއަޑިން ޤަބޫލުކުރެވެން ވާނެއެވެ. ފަހެ، އެކަން ޤަބޫލުނުކުރެވޭ މުސްލިމެއްގެ އިސްލާންކަން ނާޤިޞްވާނެއެވެ. އުނިވާނެއެވެ. ފުރިހައެއް ނުވާނެއެވެ. އަނެއްކޮޅުން ޔަޤީންކަމާއެކުގައި އަޅުގަނޑުމެން ކޮންމެ މުސްލިމަކަށް ވެސް އެޙާކިމަކީ، އެއްވެސް އިންސާނަކަށް ޒުލުމްވެރިވެ، އަނިޔާވެރިވާނެ ޙާކިމެއްނޫންކަން ޤަބޫލުކުރެވެން ވާނެއެވެ. އެއީ އެންމެބޮޑު ޙާކިމެވެ. އެއީ އެންމެބޮޑު ވެރިޔާއެވެ. އެއީ އެންމެމަތީ ވެރިޔާއެވެ. އެއީ އެންމެމަތީ ސުލްޠޯނެވެ. އެއީ އެންމެމަތީ އަމީރެވެ. އެއީ ހުރިހާރަސްރަސް ކަލުންގެ ވެރިރަސްކަލާނގެއެވެ. އަދި އެއީ، ﷲ އަކުބަރުވެސް މެއެވެ. ކައުނުގެ ހުރިހާދިމާއަކުން އެއަޑު ދުވާލަކު ފަސްފަހަރު ތަކުރާރުކޮށް އެތައްފަހަރަކު އިއްވަމުއެވެ. ކައުނުގައި އެއްއަޑަކަށް އެއަޑު އަބަދުވެސް އިވިއިވި ދައުރުވަމުން ދެއެވެ. ޤިޔާމަތަށް ދާންދެން މިކަން އޮތީމިހެންނެވެ. ޞަހުޔޫނީންގެ އެންމެ ބޮޑެތިޔަހޫދީން ދުނިޔޭގެ ބާރުވެރިންނަށް ވުމަށް ރެއާދުވާލު ސިއްރުވެރިކަމާއެކު އެކިރޭވުންތައް ރާވަމުން ގެންދަނީ މިކާއިނާތު ކޮންޓްރޯލް ކުރުމުގެ ބޭނުމުގައެވެ. ދުނިޔޭގެ ބާރުވެރިންނަށް ވުމަށެވެ. ޞަލީބީ ހަނގުރާމަތައް ކުރީއެބޭނުމުގައެވެ. މިހާރު ފިކްރީހަނގުރާތައް ކުރަމުން މުސްލިމުން، މުސްލިމުން ލައްވާތަޅުވާ ބަލިކުރަމުން އެގެންދަނީވެސް އެބޭނުމުގައެވެ. އެކިއެކި ފަލްސަފާތައް ނެރެގެން ކުރަމުން ގެންދާކަމަކީ ހަމަމިއެވެ. އޭ! އިސްލާމުންނޭވެ! ވިސްނަވާށެވެ! ފިކުރު ކުރަށްވާށެވެ! ފަހެ، މިގެނެސްދެނީ ޤުރުއާންމަޖީދުން، އެކަމަށް ދަލާލަތުކުރާ ބައެއް ނައްޞުތަކުގެ މާނައެވެ. މިއާޔަތްތަކަށް ވިސްނަވައި ފިކުރުކުރައްވާށެވެ.

“ﷲ އަކީ، އަޅުންނަށް އަނިޔާވެރި ކަލާނގެއެއް ކަމުގައިނުވެއެވެ.” (ފުއްޞިލަތު ސޫރަތުގެ، 46 ބައްލަވާށެވެ.)

“އަދި ﷲ އަކީ، އަޅުންނަށް އަނިޔާކުރާކަލަކު ކަމުގައިވެވޮޑިއެއް ނުގަންނަވައެވެ.” (ޤާފު ސޫރަތުގެ، 29 ބައްލަވާށެވެ.)

“ޔަޤީނެވެ! މީސްތަކުންނަށް އެއްވެސް ކަމަކުން، ﷲ އަނިޔާއެއް ނުކުރައް ވައެވެ. ނަމަވެސް މީހުން އެމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރަނީއެވެ.” (ޔޫނުސް ސޫރަތުގެ، 44 ބައަލަވާށެވެ.)

“ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ﷲ، ހަމައެކަކަށްވެސް އަނިޔާވެރި ގޮތުން ކަމެއްނުކުރައްވާ ހުއްޓެވެ.” (ކަހަފު ސޫރަތުގެ 49 ބައްލަވާށެވެ.)

އާދެ! ބަޔާންކުރެވެމުން މިދާ “އިސްލާމީ ޑިމޮކްރަސީ” އުޞޫލުތަކުގެ މަތިން އެއްވެސް އިންސާނަކު، ކައުނީސަރުކާރަށް އީމާންވެ ހިތުގެއަޑިން ޤަބޫލުވެއްޖެނަމަ، އެހެންއެއްވެސް ފަރާތެއް އެސަރުކާރުގެ ވެރިފަރާތް ކަމުގައިވާ ޙާކިމާ، (ﷲ) އާ، އެއްވަރުކޮށް އެދީންނޫން އެހެންދީނެއްގެ ހަމަތައް ޤަބޫލުކޮށްގެން ނުވާނެއެވެ. އަދި އުރެދުމުގެ އެހަމަތަކަށް ކިޔަމަންތެރިވާން ލަދުވެތިވާން ޖެހޭނެއެވެ. ހުރިހާތަކެއްޗެއް ހައްދަވައި ފުރިހަމަކުރެއް ވުމަށްފަހު، އިންސާނުންނަށް އިސްލާމީ ޑިމޮކްރަސީ ހަމަތަކެއް ދައްކަވައިދެއްވި، ޚާލިޤަކީ، އަދި އެފަރާތަކަށް ކިޔަމަންތެރިވާން އެންމެ ޙައްޤުބޮޑުފަރާތަކީ ވެސް، އަދި ކައުނީސަރުކާރުގެ ޙާކިމަކީވެސް އެންމެމަތިވެރި، ﷲއެވެ. ދެވަނަ އެހެން ފަރާތެއް ނުވެއެވެ. ހަމަކަށަވަރުން ވެސް މިއީ، މުސްލިމުންގެ ޢަޤީދާއެވެ.

ފަހެ، ދެންއޮތީ “އަލްޙުކުމް” މިކަލިމާއަށް ބަލައިލުމެވެ. ޤުރުއާން މަޖީދުގެ ވަރަށްގިނަ ތަންތާގައި މިކަލިމަ ބޭނުންކުރައްވާފައި އެބަހުއްޓެވެ. އޭގެއެންމެބޮޑު ހެއްކަކީ، އިސްލާމީޢަޤީދާގެ ގޮތުންބަލާއިރު ދީނުގައިވާ އިސްލާމީ ޑިމޮކްރަސީން މިނިވަންކަން ވަރުގަދަކޮށް، ސާބިތުކޮށް ދިނުމެވެ. ވަރުގަދަކޮށް، ހިތުތެރޭގައި ތަމައްކުން ކުރުމެވެ. އިސްލާމީޢަޤީދާގައި އޮތްއެންމެ ހަރުދަނާ އަސާސަކީ، ތެދުވެރި، ޢަދުލްވެރި، އިންޞާފުވެރި، ޙުކުމްކުރުމުގެ މައްސަލައެވެ. ނިޔާކަނޑައެޅުމުގެ މައްސަލައެވެ. ތެދުވެރި ފަތުވާއެއް ނެރުމުގެ ވަޒީފާއެވެ. ފަހެ، އެއްވެސްކަމެއް ޙުކުމެއްނެތި ޙައްލަކަށް ނާންނާނެއެވެ. ޙުކުމެއްނެތި އިންޞާފުޤާއިމެއް ނުކުރެވޭނެއެވެ. ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ޞުލްޙަވެރި ދިރިއުޅުމެއް ނުލިބޭނެއެވެ. އެހެން ވުމުންވެސް އެނގިގެންދަނީ، ޙާކިމުގެ ޙުކުމްތަކަކީ، ޙައްޤާއި ބާޠިލު ފަޞްލުކޮށްދީ ވަކިކޮށްދޭ އެއްޗެއްކަމެވެ. ޤުރުއާންމަޖީދުގައި ވަރަށްގިނަ އާޔަތްތައް، ދީނާއި ދުނިޔޭގެ އުމޫރުތަކާއި ކަންކަމުގައި، ޙުކުމާއި ތަޙުކީމުކުރާނެ ގޮތާމެދު، އިރުޝާދުދެއްވާފައި އެބަހުއްޓެވެ.

“ދެންހަފެ، ދަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ނިޔާކަނޑަ އެޅުއްވުމަކީ، މުޅީންވެސް، ﷲ އަށްޚާއްޞަ ވެގެންހުރި ކަމެކެވެ. އެކަލާނގެއީ އެންމެހައި މަތިވެރިވެ ވޮޑިގެންވާ، އަދި ކިބްރިޔާވަންތަ، ﷲ އެވެ.” (ޣާފިރު ސޫރަތުގެ، 12 ބައަލަވާށެވެ.)

“އެކަލާނގެއީ، ޙުކުމްކުރެއްވުމުގައި އެންމެ އިންޞާފު، ހެޔޮ ކަލާނގެއެވެ.” (އަލްއަޢުރާފު ސޫރަތުގެ، 87 ބައަލަވާށެވެ.)

“އަދި ﷲއީ ނިޔާކުރެއްވުމުގައި، އެންމެ ޢަދުލްވެރި ކަލާނގެއެވެ.” (ހޫދު ސޫރަތުގެ، 45 ބައަލަވާށެވެ.)

“އެމީހުންގެ މެދުގައި ޤިޔާމަތްދުވަހުން އިންޞާފުކުރައްވައި ޙުކުމް ކުރައްވާނީ، ﷲ އެވެ.” (އަލްބަޤަރާ ސޫރަތުގެ، 113 ބައްލަވާށެވެ.)

“ހަމަކަށަވަރުން އަމާނާތްތައް އޭގެވެރިންނަށް އަދާކޮށް ރައްދުކުރުމަށް، ﷲ ތިޔަބައި މީހުންނަށް އަމުރު ކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލްއަށް، އިންޞާފަށް، ޙުކުމްކުރުމަށް ވެސް އަމުރު ކުރައްވައެވެ.” (ނިސާ ސޫރަތުގެ، 85 ބައްލަވާށެވެ.)

ފަހެ، ޤުރުއާންމަޖީދުގައި ތަކުރާރުކޮށް އެތައްތާކު ޙުކުމުގެބަސް އައިސްފައި ވުމުން، ބަޔާންކޮށްދޭ އެއްޗަކީ، އިސްލާމީޢަޤީދާގައި ޙުކުމްގައިހުރި، އަހައްމިއްޔަތު ކަމެވެ. އަދި އިންސާނީ ޒަމީރަށް، އިލްހާމުވާފަދައިން ކޮންމެގޯސް ކަމެއްގެ ފަހަތުގައި ޙުކުމެއްވެއެވެ. ކޮންމެ ޚިލާފުވުމެއްގެ ފަހަތުގައި ޙުކުމެއް ވެއެވެ. ކޮންމެ ހަވާނަފްސެއްގެ ފަހަތުގައި ޙުކުމެއް ވެއެވެ. އަދި، މިހުރިހާ ޙުކުމްތަކެއްގެ ފަހަތުގައި އަޙްކަމުލްޙާކިމީން، (އެންމެޢަދުލްވެރި ރަސްކަލާނގެ) އާއި ޚައިރުލްޙާކިމީން (ޙުކުމް ކުރެއްވުމުގައި އެންމެއިންޞާފުހެޔޮ ކަލާނގެ) ގެ ޙުކުމް ކަމުގައިވާ ޙުކުމުﷲ (ﷲ ގެ ޙުކުމް) ވެއެވެ.

ފަހެ، މިމިސާލުތަކުގެ މަތިން، ޙުކޫމަތުލްކައުނަށް އީމާންވާ ކޮންމެ މުއުމިނަކަށް ބުނަން ޙައްޤުވާނީ، މިހެންނެވެ. އަދި އީމާން ވާންވާނީވެސް މިގޮތަށެވެ. ހަމަކަށަވަރުން ކައުނުގައި ޙުކުމެއްވެއެވެ. އެޙުކުމަކީ، އިންސާނުން ތަބާވާންވީ މަގެވެ. އަދި އަރަހުށި ބާރުގަދަ ނުފޫޒުތަކުގެ ޤަޟާއާއި ފައިޞަލާތަކުގެ މަތީގައި ޙައްޤު ޤަޟާއާއި، ޙައްޤުފައިޞަލާއެއް ވާކަން ކަށަވަރެވެ.

އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީގެ ތެރެއިން ހިމެނޭ އިންސާނީޑިމޮކްރަސީގެ މައްޗަށް ދިރާސަކޮށް، ވާހަކަދެކެވެމުން ދާއިރު، ޤައުމުގެ ސިޔާދަތަކީ، ނުވަތަސަރުކާރުގެ ސިޔާދަތަކީ ކޮބައިތޯ ބަލާލަން އެބަޖެހެއެވެ. އެންމެ ޞައްޙަ ކަންބޮޑުގޮތުގައި ދަންނަވަނީނަމަ، ސިޔާދަތަކީ ޙުކުމުގެ ސަނަދެވެ. ޙުކުމަށް ބާރުގެނެސްދީ، ޢިއުތިމާދު ކުރެވޭ އަޞްލުންނެވެ. ޙުކުމް ޝާމިލްވެގެން ވަނީ، ޝަރީޢަތާއި ސިޔާސަތާއި ވިލާޔަތުގެ، އެހެނީ ވެރިކަމުގެ އާންމު ކަންތައްތަކުގެ މައްޗަށެވެ. މިތާގައި ސަނަދުގެމާނަ އަޅުގަނޑުކުރާނީ، އެއީ އިސްލާމީ ޝަރީޢަތާއި ދުސްތޫރާއި އޭގެދަށުންހަދާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ވެރިކަމުގެ ފަރާތައް ކިޔަމަންތެރިވެ އެފަރާތުގެ އަމުރުތަކަށް ޢަމަލުކުރުމުގެ ޙައްޤުލިބިދޭ މަރުޖަޢު ކަމުގައެވެ. އަޞްލުކަމުގައެވެ. އެއްވެސް ޙާލެއްގައި ސިޔާދަތަކީ، ވެރިމީހާގެ އަމިއްލަ ޙުކުމެއް ނޫނެވެ. އަދި އަމުރުތަކެއް ނޫނެވެ. އަދި ބާރެއްވެސް ނޫނެވެ. ހަމަކަށަވަރުން ސިޔާދަތަކީ، ޙާކިމުންނާއި ވެރިން ޙައްޤުގޮތުގައި މުސްލިމުންނަށް ހަދައިދޭ، އަދި ތެދުމަގުގައި ސާބިތުކޮށްދޭ އެންމެވަރުގަދަ ޝަރުޢީބާރެވެ. އެރައްކާ ކުރެވުމުން ސިޔާދަތު ހިފޭއްޓުނީއެވެ.

ޤަދީމީރޯމަނުން ޝަރީޢަތާއި ޤާނޫނުތައް ހެދުމަށް އެނބުރިގަންނަނީ، ޠަބީޢީޤާނޫނައި ދިމާއަށެވެ. އެއީ ދުނިޔެ ދައުރުވުމުގެ ޠަބީޢަތެވެ. އެމީހުންގެ ގާތުގައި ޙުކުމުގެ ސަނަދަކީ، އެއީއެވެ. ހުރިހާއެއްޗަކީ، ޠަބީޢަތެވެ. އަޞްލަކީ ވެސް ޠަބީޢަތެވެ. ކާއިނާތަށް ދިރުންގެނެސްދެނީ، ޠަބީޢީ ހަމަތަކަކުންނެވެ. ފަހެ، މިއީ ރޯމަރުގޯހެކެވެ.

އާދެ! މިވަރުން ޤައުމުގެ ނުވަތަ ޙުކޫމަތުގެ ސިޔާދަތަކީ، އެބަޔަކަށް ލިބިފައިވާ އިލާހީ ޝަރީޢަތާއި ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ހަރުދަނާ އަސްލުކަމާއި އޭގެމަތީގައި ސާބިތުވެ ތިބުންކަން، ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. ބައެއް ލިޔުންތެރި ބޭފުޅުން، ސިޔާދަތަކީ، އަބަދުވެސް އެބައެއްގެ ޙާކިމުކަމަށް، ނުވަތަ އެބައެއްގެ ވެރިއަކަށް ހުންނަމީހާކަމަށް ދެކި، ސިފަކޮށްފައި ހުންނަތަން ފެނެއެވެ. އެހެނަސް އެއީގޯހެކެވެ. އޮޅުމެކެވެ. ވަހުމެކެވެ.

އާދެ! ދެން އަޅުގަނޑު އެނބުރިލާނީ، “އަލްއިމާމު” މިކަލިމައިގެ މާނައައި ދިމާއަށް ބަލައިލުމަށެވެ. ފަހެ، މާދިގު ތަފްސީލަކަށް ނުގޮސް، ޖުމްލަގޮތެއްގައި ވިސްނާލުމުންވެސް އިމާމަތާ ޙަވާލުވެވޭނެ ބައެއް ޝަރުތުތައް ކަނޑައެޅިފައި އެބަހުއްޓެވެ. އިންސާނީ ޑިމޮކްރަސީގައި އެބައިތައް ހިމަނާލެވި ދާނެއެވެ. އެއީ އިންސާނާއައި އެކަމާހުރިގުޅުން ބޮޑުކަމުންނެވެ. އާންމުގޮތެއްގައި އިމާމުމީހާ، އިމާމުކަން ކޮށްދިނުމޭ ބުނުމުން ހާމަވެގެންދަނީ، ޖަމާޢަތުގައި ސަފުހަދައިގެން، މީހަކު އިސްކޮށް ހުރެގެން، ނަމާދުކުރާ އުސޫލެވެ. އެހެނަސް މިތާގައި އަޅުގަނޑު މިގެންދަނީ، އެއަށްވުރެ މާމަތީ ފެންވަރެއްގައިކަން ހާމަކޮށްދެމެވެ. މިތާގައި އިމާމަތަކީ، ވެރިކަމުގެ މަސްއޫލިއްޔަތާއި ޒިންމާއެވެ. އިމާމަކީ، އެކިއެކި ޙުކުމްތައް ޤައިމުކޮށް ދިނުމުގައި ރައްޔިތުން އިޤްތިދާވެ، ތަބާވާންހުންނަ ވެރިޔާއެވެ. އެކަމަށް ބޭނުންވާ ޝަރުތުތައް ޖުމްލަގޮތެއްގައި ކުރުކޮށްލެވޭނީ، އެކަން ކުރުމުގެ ޤުދުރަތާއި ކުޅަދާނަކަން އޭނާގައިގާ ހުރުމުގެ މައްޗަށެވެ. މިކުޅަދާނަކަން ލިބިގެންވާ ކޮންމެމީހަކީ، އަޅުކަމުގައި އިމާމުކަން ކޮށްދިނުމަށާއި އިސްލާމުންގެ އިމާމަތުކަން، ވެރިކަން ކޮށްދިނުމުގެ ޞަލާޙިއްޔަތާއި ޤާބިލުކަން ލިބިގެންވާ މީހާއެވެ. އިސްލާމްދީނުގައި ދީނީހަމަތަކުގެ މަތީގައި ހުންނެވި އިމާމަކު ހުއްޓައި، އެހެންބަޔަކަށް ނުވަތަޖަމާޢަތަކަށް، ނުވަތަޕާޓީ އަކަށް، އެހެންމީހަކު ވެރިޔަކަށް ނަގާއި އިސްކުރުމެއް ނުވެއެވެ. އަދި އެޤައުމެއްގެ ރައްޔިތުން ފިޔަވައި ބޭރުފަރާތަކައި، އިމާމަތު ޙަވާލުކުރުމަކީ، އިސްލާމްދީނުގައި އޮންނަކަމެއް ނޫނެވެ. އަބަދުވެސް އިމާމަކު ހުންނަންވާނީ، އެބައެއްގެ ތެރެއިން، އެބަޔަކުރުހޭ ގިނަބައެއްގެ ތާއީދުއޮތް މީހެކެވެ.

ފަހެ، އިމާމުމީހާ، އިސްލާމީޝަރީޢަތާއި ޚިލާފުނުވެ މަޢުޞިޔަތަށް، ﷲ ރުހިވޮޑިގެންނުވާ ކަންތަކަށް އަމުރުނުކުރާހާ ހިނދަކު، އޭނާއަށް ކިޔަމަންތެރި ވުމަކީ، އިންސާނީ ޑިމޮކްރަސީގެ ތެރެއިންވާ ވާޖިބެކެވެ. މިވާޖިބުގައި ގަދައަޅާ ހިފޭއްޓުމަށާއި ވެރިމީހާއަށް ކިޔަމަންތެރި ވުމަށް އަންގަވާފައިވާ، ވަރަށްގިނަ ޙަދީޘްތައް އެބަހުއްޓެވެ. އޭގެތެރެއިން މުއްތަފަޤުޢަލައިހި (ދެއިމާމުން ކަމުގައިވާ ބުޚާރީއާއި މުސްލިމް، ޞައްޙަޙަދީޘެއްކަމުގައި އެއްބަސްވެލައްވާ) ހަދީޘެއް ދަންނަވާލާ ނަމެވެ. “މަޢުޞިޔަތަކަށް (ﷲ ރުހިވޮޑިގެންނުވާ ކަންތައް) އަމުރު ނުކުރާހާ ހިނދަކު، މުސްލިމްމީހާގެ މައްޗަށް، އޭނާރުހޭކަމުގައި ވިޔަސް، އަދި ނުރުހުނަސް، ކުރެވޭ އަމުރަކަށް ކިޔަމަންތެރިވެ އަޑުއެހުން ހުއްޓެވެ. އެހެނަސް މަޢުޞިޔަތަކަށް އަމުރުކޮށްފިނަމަ، ކިޔަމަންތެރިވުމާއި އަޑުއެހުމެއް ނުވެއެވެ.” ރައްޔިތުންނަށް ޙައްޤުތަކެއް ވާފަދައިން، ވެރިންނަށްވެސް ޙައްޤުތަކެއްވާނީ، ވެރިމީހާ ޢަދުލްއިންޞާފު ގައިމުކޮށްދީ، ރައްޔިތުންގެ ޙައްޤުތައް އަދާކުރާނަމައެވެ. އެހެން ނުވަނީނަމަ، ވެރިމީހާޢަޒުލްކޮށް، ވެރިކަމުން ބޭލުމުގެ ޙައްޤު ރައްޔިތުންނަށް އޮންނާނެއެވެ.

އާދެ! މިއަސާސްތަކާއި އުޞޫލުތަކަކީ، އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީގެ ޙަޤީޤަތެވެ. އިސްލާމުންގެ ޑިމޮކްރަސީ ސިފަތައް، މިއަސާސްތަކާއި ބިންގަލުގެ މައްޗަށް ބިނާކުރަމާތޯއެވެ.

ސިޔާސީޑިމޮކްރަސީ :

ފަހެ، ދަންނާށެވެ! އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީ ފުރިހަމަވެގެންދަނީ، “ސިޔާސީ ޑިމޮކްރަސީ” ވެސް އެއާއެކުވެފައި އޮވެގެންނެވެ. ލާމެހިގެންނެވެ. އެގޮތުން އިސްލާމް ދީނުގައި ވަރަށްވަރުގަދަ “ސިޔާސީ ޑިމޮކްރަސީ” ހަމަތަކެއް ވެއެވެ. އެއްވެސް ހާލެއްގައި އިސްލާމްދީނަކީ، ހަމައެކަނި އަޅުކަންކުރުމާއި، ދީނީކަންކަމަށް ޚާއްޞަކުރެވިފައި އޮންނަދީނެއް ނޫނެވެ. އިސްލާމްދީނު އެކުލެވިގެންވަނީ، ދައުލަތާއި ސިޔާސަތާއި ދުނިޔެވީ ކަންކަމާއި ހުރިހާ މުޢާމަލާތެއްގެ މައްޗަށެވެ. އެންމެހައި މީސްތަކުންގެ ކަރާމާތަކީ، ދީނެވެ. ދީނަކީ، އެންމެހައި މީސްތަކުންގެ އަޚްލާޤެވެ. މީސްތަކުންގެ އަޚްލާޤަކީ، އެންމެ ވަރުގަދަ ހަތިޔާރެވެ. ކާމިޔާބެވެ. މަތިވެރި އަޚްލާގުން މީސްތަކުންގެ ހިތްތައް ފަތަޙަކޮށްލާއި ބޮޑެތިޖައްބާރުންގެ ހަރުކަށިގޮތްގަނޑު ފަތަޙަކޮށްލައެވެ. ބާރުގަދަ ދައުލަތްތައް ފަތަޙަކޮށްލާއި ވަށްޓާލައެވެ. ދުނިޔޭގައި މިހާތަނަށް އިފެއްދުނު އެންމެބާރުގަދަ ހަތިޔާރަކީ، މީހާގެ އަޚްލާގާއި ސުލޫކެވެ. ކަނޑިބަޑިއަށްވުރެ މާވަރުގަދައެވެ. ލޭޒަރހަތިޔާރާއި ނިއުކްލިއަރ ހަތިޔާރަށްވުރެ މާވަރުގަދައެވެ. ފަހެ، ދަންނާށެވެ! އަޚްލާގައި ސުލޫކުން ނުހޯދޭނެ ކާމިޔާބީއެއް ނުވާނެއެވެ. މިފަދަ ކާމިޔާބު އަޚްލާގަކީ، ﷲގެ ގުރުއާނެވެ. އިސްލާމް ދީނަކީ، ދިރިއުޅުމުގެ ހުރިހާދާއިރާއެއް ޝާމިލުވާ ހުރިހާއިރަކަށް، އަދި ހުރިހާތަނަކަށް އޮތްއެންމެމާތް ރިސާލަތެކެވެ. އެއީ އެންމެފުރިހަމަ ރިސާލަތެވެ. ފެހެ، ދީނުގެ މިބައިބަޔަކީ، ވަކިވަކިކޮށްލައިގެން ބޭނުންކުރެވޭނެ ބައިތަކެއްނޫނެވެ. އިސްލާމްދީނުގައި ހިފަނީނަމަ، ހިފަންޖެހޭނީ މިހުރިހާބައިތަކަކާ އެކުގައެވެ. ޢިބާދާތާއި މުޢާމަލާތާއި ދައުލަތާއި ސިޔާސަތާ އެކުގައެވެ. އަޞްލުގައި އިސްލާމީ ޑިމޮކްރަސީ ޙުކުމަކީ، މަޝްވަރާގެ ބިންގަލެއްއޮތް، ޙަޤީޤަތްތަކެއްގެ މައްޗަށް ބިނާކުރެވޭ ވަރުގަދަ ޢަޤީދާއެއްގެ އަސާސެއްއޮތް ޝަރީޢަތެކެވެ. ނަޒަރިއްޔާއެއް ނޫނެވެ. ގައުމުގެ ދުސްތޫރެވެ. ޝަރީޢަތެވެ. ފަހެ، ޝަރީޢަތާއި މިދުސްތޫރުގެ އެންމެ ހަރުދަނާކަމަކީ، މަޙްކޫމުންނަށް، ރައްޔިތުންނަށް ފުރިހަމަ މިނިވަންކަން، އެބައިމީހުންގެ ޙާކިމު، އަދި ވެރިމީހާހޮވާއި ޚިޔާރުކުރުމުގެ ޙައްޤު މިނިވަންކަމާއެކު، ލިބިގެންވާކަމެވެ. އަނެއްކަމަކީ، ޝަރީޢަތާއި ދުސްތޫރީ ޤާނޫނުގެ ނައްޞުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަސްލެއްއޮތް ޙުކުމަކަށް ވާކަމެވެ. “އިސްލާމީ ޑިމޮކްރަސީ” އެއް އުފެދި، ދުސްތޫރީ ރުކުންތަކާއި ސިފަތައް އެކުގައިޖަމާވެ، ޝަރުޢީ ކުލަޖެހިގެން ދާތީއެވެ. ފަހެ، “ސިޔާސީ ޑިމޮކްރަސީ” ޙުކުމުގެ ޙަޤީޤަތަކީ، މީކަމުގައި ވިޔަސް އިންތިޚާބީ ޤާނޫނުތަކާއި ފޮށިބަހައްޓައިގެން ކަރުދާސް ބޭނުންކޮށްގެން ވޯޓުލާސިސްޓަމުގައި ގިނަފަހަރަށް ފުރިހަމަ އިސްލާމީ ޑިމޮކްރަސީ ނެތިދެއެވެ. އަދި މިބާވަތުގެ ދުސްތޫރީޤާނޫނުތައް ނޯންނަބައެއް ނިޒާމުތަކުގައި ބައެއްފަހަރަށް އިސްލާމީ ޑިމޮކްރަސީ އޮވެފައިވެސް އެބަހުރެއެވެ. އަދި އެއްވެސް ކަހަލަ ޑިމޮކްރަސީއެއް ނެތިދާތަންތަން ވެސް ހުރެއެވެ. މިޒަމާނުގެ އިލެކްޓްރޯނިކް ވޯޓުންއަކީ އޮޅުވާލާއި ގަޑުބަޑު ކޮށްލަން މާފަސޭހަ ނިޒާމެކެވެ. ވެރިންނާ ގުޅިފައިތިބޭ އައިޓީ އޮފިސަރުންނަކީ އިންތިހާއަށް ނުރައްކާތެރި ބައެކެވެ.

އޭ! ރައްޔިތުންނޭވެ! ދަންނާށެވެ! ކުރީގެބައެއް މުއައްރިޚުން އިސްލާމީ ސިޔާސީތާރީޚު ލިޔުއްވަމުން ގެންދެވިއިރު ޚަލީފާއިންގެ ދުވަސްވަރުގައި ބޭނުންކުރެވުނު ބައިޢަތުހިފުމަކީ، އިސްލާމީ ޑިމޮކްރަސީގެ ޤަވާޢިދުތަކުގެ މަތިން ހިނގާފައިވާކަމެއް ނޫންކަމަށް އިޝާރާތް ކުރައްވާފައި އެބަހުއްޓެވެ. ފަހެ، މީގެމުރާދަކީ، އޭރުއެޒަމާނުގައި އިންތިޚާބީ ޤާނޫނުތަކާއި ފޮށިބަހައްޓައިގެން ވޯޓުލާ ސިސްޓަމް ނެތްވާހަކައެވެ. އެހެނަސް ކަންހިނގީ ރައްޔިތުންގެ ރުހުމާއި މަޝްވަރާގެ މަތިވެރިހަމަތަކާއި އުޞޫލުތަކުގެ ދަށުން އެންމެންގެ ކުރިމަތީގައެވެ. ރައްޔިތުންގެ ލޯތްބާއި ހިތްހަމަޖެހުން އޮވެގެންނެވެ. އެހެންވުމާއެކު އެއީ އިސްލާމީ ޑިމޮކްރަސީކަން ކަށަވަރެވެ. ބައިޢަތު ހިފުމުގައި އޮޅުވާލުމުގެ ދޮރާއްޓެއް ނުވެއެވެ. އެދޮރުވަނީ މުޅިންބަންދުކޮށެވެ. އާދެ! އަޅުގަނޑު ދެކޭގޮތުގައި އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީގެ ތެރޭންހިމެނޭ، ސިޔާސީ ޑިމޮކްރަސީގެ މައްޗަށް ނަޒަރު ހިންގާލާއިރު، އެންމެޚާއްޞަ ގޮތެއްގައި ބަލަންވީ، އިންތިޚާބުކުރެވެނީ ފޮށިބަހައްޓައިގެން ކަރުދާސް ކޮޅެއްގައި އެމީހަކަށް ފެންނަނަމެއް ޖަހައިގެންތޯ އާއި، ނުވަތަ ބައިޢަތު ހިފައިގެންތޯ ބެލުމެއްނޫނެވެ. ބަލަންވީ މިއިންކޮންމެ ވަށްތަރެއްގެވެސް ނަތީޖާނެރެވޭ ގޮތާމެދުއެވެ. ވަށްތަރާމެދުގައެވެ. ރައްޔިތުންގެ ޤަބޫލުވުމާއި ރުހުމަށެވެ. ޙީލަތާއި މަކަރާއި އޮޅުވާލުމެއްނެތި އިންސާފުވެރިކަމުގެ މައްޗަށެވެ. މަސައްކަތުގެ އިޚްލާޞްތެރި ކަމަށެވެ. ފަހެ، ނަތީޖާ ހެދުމުގައި އިސްލާމީ ޑިމޮކްރަސީ ސިޔާސަތުގެ ހަމަތައް ހިމެނޭތޯއެވެ. އަދި، އިންޞާފުވެރިކޮށް، އެސިޔާސަތު ގައިމުކުރެވިފައި ހުރިތޯބެލުމުގެ މައްޗަށެވެ.

އާދެ! ކުރީގެ ދުވަސްވަރުގައި ޚަލީފާއިން ހޮވާއި ޚިޔާރުކުރެވިފައި ވަނީ، ރައްޔިތުންގެ ރުހުމާއި އެއްބަސްވުމުގެ މަތިންނެވެ. އެއްވެސްހާލެއްގައި ރައްޔިތުންގެ ތެރެއިން އެއްވެސްމީހަކަށް، ވަކިގޮތެއް ހެދުމަށް މަޖުބޫރު ކުރުވީކީނޫނެވެ. ރައްޔިރުންގެ ލޯތްބާއި ރުހުމާއި އިއްތިފާޤުން އެގޮތެއް ނިމިގެންދަނީއެވެ. ނުވަތަ ގިނަބައެއްގެ އަޣްލަބިއްޔަތުން އެގޮތެއް ނިމިގެންދަނީއެވެ.

ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނު، ﷲ ރުއްސުންލެއްވި ޢުމަރުގެފާނަށް، ބައިޢަތުހިފުމަށް ވަޞިއްޔަތް ކުރެއްވި ނަމަވެސް، ރައްޔިތުންގެ މައްޗަށް އެކަން އެއްގޮތަކަށްވެސް ގަދަބާރުންނާއި ނުޤަބޫލުގައި ލާޒިމެއް ނުކުރައްވައެވެ. އެވަޞިއްޔަތަކީ، މަގުދެއްކެވުމުގެ އިރުޝާދެކެވެ. ރައްޔިތުން އަމަލުކުޅައީ އެމީހަކު ހިތުގެއަޑިން ރުހިޤަބޫލުވާ ގޮތަކަށެވެ. ހަމަ ޢުމަރުގެފާނުގެ މިސާލަކަށްވީވެސް އެގޮތެވެ. އަދިއޭގެ ފަހަށް ބަލައިލިޔަސް ފެންނަންހުރީ، ހަމައެފާޑުގެ ރީތިމިސާލުތަކެވެ. ފަހެ، ވެރިމީހާހޮވައި ޚިޔާރުކުރުންއޮތީ ވަރަށް މިނިވަންކޮށް، މަޝްވަރާގެ މަތީން ސިޔާސީޑިމޮކްރަސީ އަށް ދޫކޮށްލައްވާ ފައެވެ. ރައްޔިތުންނަށް ފުރިހަމަ ބާރުލިބިދީފައެވެ. އިސްލާމްދީނުގައި ސިޔާސަތާއި ޑިމޮކްރަސީ ވާކަންކަށަވަރެވެ. ޝައްކުކުރާނެ އެއްވެސް ޖާގައެއްނެތެވެ.

ފަހެ، ދަންނާށެވެ! އަބޫބަކުރުގެފާނު ވެރިކަމާހަވާލުވެ ވަޑައިގެން ދެއްވި ފުރަތަމަ ޚުތުބާގައި ވިދާޅުވެފައިވެއެވެ. “ތިމަންނާއަށްވެސް ތެދު، ރަނގަޅުމަގުން ދިއުމަށް އަންގައިދޭން ވާނެއެވެ. ތިމަންނާ ﷲއަށް، އަދި ﷲގެ ޝަރީޢަތަށް ކަޔަމަންވާހާ ހިނދަކު، ތިމަންނާއަށް ކިޔަމަން ވާންވާނެއެވެ. ތިމަންނާ ﷲއަށް، ނުވަތަ ﷲގެ ޝަރީޢަތަށް ނުކިޔަމަންތެރި ވެއްޖެނަމަ، ކަލޭމެން، ލޮބުވެތި ރައްޔިތުންގެ މައްޗަށް ތިމަންނާއަށް، ކިޔަމިންތެރިވުމެއް ނޯންނާނެއެވެ.” ކިހާސާފުތޯއެވެ. އެއްވެސް އޮޅުމެއްނެތެވެ. ރައްޔިތުންގެ މައްޗަށް އިޚްލާޞްތެރި ވުމަކީ، މިއެވެ. މިއީ އިސްލާމީ ސިޔާސީ ލީޑަރުންގެ ސިޔާސީ ޑިމޮކްރަސީގައިހުރި ތެދުވެރިކަމެވެ. ނިޔަތުގެ ތެދުވެރިކަމެވެ. އިޚްލާޞްތެރިކަމެވެ. ނަފްސުގެ ސާފުކަމެވެ. އަމިއްލައެދުމުން ހުސްވެ ޠޯހިރުވެފައިވާ މިންވަރެވެ. މިފެންނަނީ، ވެރިކަމުގައި ބަގުޑިބައްދާ ވެރިންނަށްހުރި ލާމަސީލު ފިލާވަޅުތަކެވެ. ފަހެ، ޢިބްރަތް ލިބިގަތުން ހުއްޓެވެ!

ޢުމަރުގެފާނު ފަރާތްޕުޅުންނާއި އެހެނިހެން ޚަލީފާއިންގެ ފަރާތްޕުޅުން ވެސް މިފަދަ، އިސްލާމީ ޑިމޮކްރަސީ ސިޔާސަތުތައް ހާމަކޮށްދެއްވައި ރައްޔިތުންނަށް، ރައްޔިތުންގެ ޙައްޤުމަޤާމު ދެއްވާފައިވާ ބަސްފުޅުތައް ބައިވަރު ފެންނަން އެބަހުއްޓެވެ. އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީއަށް ބާރުލިބިދޭ، އެފަދަ ބޭބޭފުޅުންގެ ބަސްފުޅުތަކުން އެނގޭއެއްޗަކީ، އަމީރުލްމުއުމިނީން އަކީ، އާދެ! މުސްލިމުންގެ އަމީރަކީ، އަދި ރައީސުލްޖުމްހޫރިއްޔާ އަކީ، މުއުމިނުންގެ އަޚެއްކަމެވެ. އޭނާއަކީ، މުއުމިނުންގެ އަޚެއްކަމުގައި ނުވަނީނަމަ، އެއީ މުއުމިނުންގެ ޢަދުއްވެކެވެ. ރައްޔިތުންގެ ދުޝްމަނެކެވެ. ޑިކްޓޭޓަރެކެވެ. ބޮޑުބަގުޑިއެކެވެ. ފަހެ، މިބީދައިން ކޮންމެ ކޮންމެ އިސްލާމީ ޤައުމެއްގެ ވެރިއަކީވެސް ރައްޔިތުންގެ އަޚެކެވެ. ރައްޔިތުންގެ އަޚަކަށް ނުވެވެނީނަމަ ވާނީ، ރައްޔިތުންގެ ޢަދުއްވަކަށެވެ. ފަހެ، ރައީސްމައުމޫނަކީ، ވެރިކަމުގެ ކުރީކޮޅު، އެނާގެ ރަންޒަމާނުގައި އިސްލާމީ މިކަހަލަހަމަތަކާއި އުޞޫލުތަކުގެ ވާހަކަތައް ދައްކަވާއި ލިޔުއްވައި އެހަމަތަކާއި އުޞޫލުތައް ރައްޔިތުންނަށް ހާމަކޮށްދެއްވައި، ޢަމަލުން ވަރަށްރީއްޗަށް ދެއްކެވި ބޮޑުޢާލިމެކެވެ. ދުނިޔެ ގަބޫލުކުރާ މަތީދަރަޖައިގެ ޢައްލާމާއެކެވެ. 1978މ. ވަނައަހަރު ރައީސް މައުމޫނު ވެރިކަމުގެ ހުވާކުރެއް ވުމަށްފަހު، އިމާމުވެ ކޮށްދެއްވި ފުރަތަމަ ޢީދުނަމާދަށްފަހުން ފެށިގެން، އެންމެހާރައްޔިތުން އަޚުކުރައްވައި ކުރީގެ ހުރިހާ ލަޤަބުތަކެއް އުވާލެއްވިއެވެ. އަދި އިސްލާމީ ޑިމޮކްރަސީގެ ވާހަކަތައް ވަރަށް ފުޅާކޮށް ދައްކަވާ ހެއްދެވިއެވެ. މީގެ ތަޤުރީރުތައް މިހާރުވެސް ބައެއްބޭފުޅުން އަތްޕުޅުގައި ފޮރުވާފައި ހުންނާނެކަން ކަށަވަރެވެ. އަދި ބައެއް ފަތްފުށްތަކުން ފެންނަން އެބަހުއްޓެވެ. ދެންފަހެ، އެދުވަސްވަރު، އެންމެންނަކީވެސް އަޚުންނެވެ. މައްކާއިން މަދީނާއަށް މުސްލިމުން ހިޖުރަކުރުމަށް ފަހު، މުހާޖިރު ބޭކަލުންނާއި މަދީނާމުނައްވަރާގެ އަންޞާރުނައި، އަޚުކުރެވުނުހެން ހުރިހާދިވެހިން އަޚުކުރެވުނީއެވެ. އުޚުއްވަތްތެރި، އެއްބަނޑު އެއްބަފާ، އެއްބަޔަކަށް ހެއްދެވީއެވެ. އަލްއަޚު މައުމޫނު ޢަބަދުލްޤައްޔޫމެވެ. އަލްއަޚު ރެކިފުތާއެވެ. އަލްއުޚްތު ފިރިހެންފާތުމައެވެ. އަލްއުޚްތު މީމުނާޞިރާއެވެ. ކިހާއޮފްދާރު ހަމަހަމަކަމެއް ތޯއެވެ. ދީނުގެނަމުގައި އޭރުއެދެއްކެވި ހުރިހާދަޅައެއް މިހާރުބަދަލު ވެފައިވަނީ، ރައީސްމައުމޫނުގެ ބަގުޑިކްރަސީ އަށެވެ.

ފަހެ، ދެނެދެކެތިބެ ދަންނާށެވެ! ސިޔާސީޑިމޮކްރަސީގެ އެންމެއިސް ވާޖިބަކަށް ވާންވާނީ، ރައްޔިތުންގެ އެކިއެކި ކަންކަމުގައި ޝޫރާގެ މަތިވެރިނިޒާމު ފަރުޟުކުރުމެވެ. ދެމެހެއްޓުމެވެ. ޝޫރާއަކީ ހަމައެކަނި ބައެއްކަންކަމާއި ބައެއް މައްސަލަތަކުގައި ހަމައެކަނި ކުއްލިކަމެއް ތަތްބީޤުކޮށް ލުމަށް، ނުވަތަ ތަންފީޒުކޮށްލުމަށް އޮންނަހަނިހަނި، ވަސީލަތަކަށް ހަދައިގެން ނުވާނެއެވެ.

އާދެ! އިސްލާމްދީނު އަމުރުކުރައްވާފައިވާ ޝޫރާގެ ދާއިރާއަކީ، “އަޑުގަދަމީހާއަށް ރުއްގިނަވާގޮތަށް” ހަމައެކަނި ޢަދަދުގެ މައްޗަށް އޮންނަ މައްސަލައެއް ނޫނެވެ. އިސްލާމީ ޑިމޮކްރަސީގެ ޝޫރާގައި އެއްކޮޅަށް ޖެހޭމީހުންގެ ޢަދަދު ގިނަވުމަކީ، އެކަމެއް ޞައްޙަވުމުގެ ޢިއްލަތެއްނޫނެވެ. އަދި، ދަލީލެއްނޫނެވެ. ކަމެއް ޞައްޙަވުމުގެ އަޞްލަކީ، ދީނެވެ. ޝަރީޢަތެވެ. ތައުޙީދާއި އެއްކައުވަންތަ ކަމުގެ ޢަޤީދާއެވެ. ކަމަކަށް އަޑުގަދަވެ ޢަދަދުގިނަވުމަކުން އެކަމެއް ޞައްޙަވެ، ޢަމަލު ކުރަން ރަނގަޅުވެދެއޭ ބުނާބަހަކީ، ވަހުމެކެވެ. ޙަޤީޤަތް އޮޅުވާލުމެވެ. މިފަދަވަހުމުން ދުރުވާންޖެހޭ ނެއެވެ. ފަހެ، މިވަހުމް ބާތިލުކޮށްލާނެ ޞަރީޙަބަސްފުޅުތައް ޤުރުއާން މަޖީދުގައި ވާރިދުވެފައި އެބަހުއްޓެވެ. އެއާޔަތްތަކުން ބަޔަކު އެއްވެ، އަޑުގަދަކޮށްގަނެ، އޭގެތެރެއިން ގިނަބަޔަކު އެއްކޮޅަށްޖެހި، ބުރަވާބަހާއި އަޣުލަބިއްޔަތަކީ، ޙައްޤުގޮތާ މުޅިންދޭއްޗެއްކަން ވަރަށްރީތިކޮށް، ހާމަކޮށް ބަޔާންކޮށް ދީފައިވެއެވެ. އެކަންސާފުކޮށް އޮޅުންފިލައެވެ.

“އެބައިމީހުންގެ ގިނަމީހުން ހީއަކާނޫނީ، ތަބާޢެއް ނުވާނެއެވެ.” (ޔޫނުސް ސޫރަތުގެ، 36 ބައްލަވާށެވެ.)

“ނަމަވެސް ތިޔަބައިމީހުންގެ ތެރެއިން ގިނަމީހުންތިބީ، ޙައްޤަށް ދެކޮޅުވެރިކަން މަތީގައެވެ.” (ޒުޚުރުފު ސޫރަތުގެ، 78 ބައްލަވާށެވެ.)

“ނަމަވެސް އޭގެ ގިނަމީހުންނަކަށް ނޭގެއެވެ.” (އަންޢާމު ސޫރަތުގެ، 111 ބައްލަވާށެވެ.)

“އެމީހުންގެ ގިނަމީހުންގައި ޢަހުދު (މިކަންތައްތަކަށް ވަފާތެރި) ވުން، ފެންނާކަށްނެތެވެ. އަދި ކީއްހެއްޔެވެ! އެމީހުންގެ ގިނަމީހުން ފެންނަހުރީ ފާސިޤުން ކަމުގައެވެ.” (އަޢުރާފު ސޫރަތުގެ، 102 ބައްލަވާށެވެ.) ފަހެ، ފާސިގުންނާއި ފާސިދުންނަށް ނުވާށެވެ! އެއީ ހަލާކުގެ އަސްލެވެ.

ފަހެ، ދަންނާށެވެ! އަޞްލުގައި މިމައްސަލައަކީ، މީހުންބުރަވާކޮޅެއް ގިނަވުމާއި މަދުވުމުގެ “ކަޘްރަތު” އާއި “ޤިއްލަތު” ގެމައްޗަށް އޮތްކަމެއްނޫނެވެ. އިސްލާމްދީނު ފެށުނުތާ ކުރީކޮޅުގައި ބައެއްދަންނަ ބޭކަލުންގެ ރައުޔުއާ، މިހެންބުނުމަކުން އަދި ޚިލާފެއްނުވާނެއެވެ. “ޖާހިލުންނަކީ، ވާހަކަދައްކާ ގުރާފާޑުގެ ބައެކެވެ. އެބައިމީހުންނަކީ، ބޮޑެތި ދަނޑުތައް ހަލާކުކޮށްލާ ގޮށްފުޅަނގި ފާޑުގެ ބައެކެވެ. އެބައިގަނޑު ތަނަކަށް އަރައިފިއްޔާ، އެތަނެއްގެ ދުވަސް ދުއްވާލައެވެ.” އާދެ! މިޞުރުކަރައިގެ ބައެއްމީހުން ކަމަކާދިމާވުމުން ބުނެލާހަދައެވެ. “ވަﷲ، އަލްޖަހްލުބަލާއުން” ﷲ ގަންދީ ބުނަމެވެ! ޖާހިލުކަމަކީ، ބަލާއެކެވެ. މިއީ ހަމަތެދެކެވެ. ދިވެހީންވެސް މިކަންޤަބޫލު ކުރާނެއެވެ. ތަންދޮރު ނުދަންނަ، ރަނގަޅާއި ނުބަޔަކީ، ކޮބައިކަން ނުދަންނަ ގިނަބަޔަކު އެއްވެއްޖެނަމަ، ގިނަފަހަރުވާނީ ގެއްލުމެވެ. ފައިދާއެއް ނުކުރާނެއެވެ. އަޑުގަދަވާނެއެވެ. ދަންނަމީހުންނާއި ނުދަންނަމީހުންގެ ތަފާތު އޮޅުންފިލާނެއެވެ. ހެއްކެއްގެ ގޮތުން ރައްޔިތުންގެ ބޮޑުމަޖިލީހުގެ މިހާރުގެ ރައީސް (ޤާސިމްއިބްރާހީމް) އަށާއި، ކުރީގެރައީސް (ޢައްބާސްއިބްރާހީމް) އަށް، ބައްލަވާލައްވާށެވެ. އެތަފާތު ވަޒަންކޮށް ލެއްވޭނެއެވެ. އަބަދުވެސް ވާހަކަތައް އުޅޭނީ ޙަޤީޤަތާދުރުގައެވެ. ފަސާދަވުން އޮންނާނީ ގާތުގައެވެ. އަމިއްލަގޮތްތައް ހަދާލާނެއެވެ. ފަހެ، ދަންނާށެވެ! އެންމެ އާދައިގެ މީހާދެކޭގޮތުގައި ވެސް މަޝްވަރާއެއް އަހަންވާނީ، ރަނގަޅާއި ނުބައި އޮޅުންފިލާ، ތަންދޮރު ދަންނަ މީހެއްގެ ގާތުންނެވެ. ނުވަތަ ޢާލިމެއްގެ އަރިހުންނެވެ. ނުވަތަ ދަންނަމީހެއްގެ ގާތުންނެވެ. ނުވަތަ މީހުންގެ އިޙްތިރާމް ލިބިފައިވާ މީހެއްގެ ގާތުންނެވެ.

ފަހެ، އިސްލާމްދީނުގައި ސިޔާސީޑިމޮކްރަސީ އަކީ، ޙަޔާތެއްވާ އެއްޗެކެވެ. ދިރުމެއްވާ އެއްޗެކެވެ. ފަހެ، އެއީ ރައްޔިތުންނާ ގުޅިފައިވާ، ރައްޔިތުންގެ ވިންދެވެ. އެއްވެސް ޙާލެއްގައި، ހަމައެކަނި ހިސާބައި ކިތާބާއި މީޒާނުގެ މައްޗަށް އެކުލެވޭ މާހަނިދާއިރާއެއްގެ ޑިމޮކްރަސީއެއް ނޫނެވެ. އެއަށްވުރެ މާފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ވާޤިޢީ އެއްޗެކެވެ. ރޫޙާނިއްޔަތު އެކުލެވޭ އެއްޗެކެވެ. އިސްލާމްދީނުގައި ރަނގަޅުގޮތް ހޯދުމަށް، އަހަން އަންގަވާފައި ވަނީ، ތަންދޮރުދަންނަ އަޚްލާޤުގެ ގޮތުން ރަނގަޅުމީހުންގެ ކައިރިންނެވެ. ޤުރުއާން މަޖީދުގައި ވާރިދުވެފައިވަނީ މިފަދައިންނެވެ. ވިސްނާއި ފިކުރުކު ކުރައްވާށެވެ!

“ފަހެ، ތިޔަބައިމީހުން އެކަން ނުދަންނަނީނަމަ، ދެނެތިބުމާއި ހަނދާންހުރުމުގެ އަހުލުވެރީން ކުރެން، ތިޔަބައިމީހުން އަހާށެވެ!” (ނަޚުލު ސޫރަތުގެ، 43 ބައްލަވާށެވެ.)

އާދެ! މިވާހަކަކޮޅުން ލިބިގަނެ، ހޯދައިގަންނަންވީ ޢިބްރަތަކީ، އަދި ފިލާވަޅުތަކަކީ، އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީގައި ޝޫރާއަކީ، ވަރަށްވަރުގަދަ އިޖްތިމާޢީ، އަދި ސިޔާސީބާރެއް ކަމެވެ. އަދި އެންމެންނަކީ، ޢިލްމީގޮތުންނާއި ހުނަރުގެ ގޮތުން އެއްވަރުގެ ބައެއްނޫންކަމެވެ. އަދި މީހުންތެރޭގައި އެކިގޮތްގޮތުން ކުރިއަރާފައިވާ ދަންނަކަމުގެ އަހުލުވެރީން ތިބޭނެކަމެވެ. އަދި ޝޫރާގެ ފެންވަރު އޮންނަންވާނީ، އެބައުޅޭ މިބައުޅޭ ފެންވަރަށްވުރެ މަތީގައި ކަމެވެ. ފަހެ، ދަންނާށެވެ! މިފަދަ ޢިބަރަތްތަކާއި ފިލާވަޅުތައް ހޯދާއިލިބިގަންނަން ޖެހޭނެއެވެ. އިސްލާމް ދީނުގައިވާ އިސްލާމީ ޑިމޮކްރަސީގެ ސިޔާސަތަކީ، މީއެވެ. އަދި ތިމާގެ ވަށައިގެން އޮންނަވެށި ކަމުގައިވާ، ތިމާވެށީގައި ހަރުދަނާ ކުރަންވީވެސް މިހަމަތަކާއި އުޞޫލުތަކެވެ. ހަމަކަށަވަރުން، ސިޔާސީޑިމޮކްރަސީ އަކީ، މިއެވެ.

އިޤްތިޞާދީ ޑިމޮކްރަސީ :

ޝިޔޫޢީ (Communist) އެދުރުން ދެކޭގޮތުގައި އެންމެހައި މީސްތަކުންގެ މެދުގައި މުދަލުގެ ގޮތުންނާއި ރިޒްޤު ލިބުމުގެގޮތުން ފަރަޤުތަކެއް ވާހާހިނދަކު، “އިޤްތިޞާދީ ޑިމޮކްރަސީ” އަކީ، މުސްތަޙީލު (Impossible) ކަމެކެވެ. އެއްގޮތަކަށް ވެސް ޢަމަލީ ސިފައެއް ގެނެވޭނެކަމެއް ކަމަކަށް ނުދެކެއެވެ. ފަހެ، ޙަޤީޤަތުގައި މީސްތަކުންގެ މެދުގައި ވަރަށްގިނަ ގޮތްގޮތުން ފަރަޤުތައް ވެއެވެ. އެތަފާތުތައް ގުނާލެވެނީ، ހަމައެކަނި މުދަލުގެ ގޮތުންނާއި ރިޒްޤުލިބުމުގެ ގޮތުން އެކަންޏެއް ނޫނެވެ. މިފަރަޤުތަކަކީ، އިންސާނީ ޠަބީޢަތާ އެކުލެވިލާމެހި، ގުޅިފައިވާ ސިފަތަކެެވެ. އެއަކީވަކި ނިޒާމަކުން ނުވަތަ ޤާނޫނަކުން ވަކިކޮށްލެވޭނެ ކަންކަމެއް ނޫނެވެ. މިއަދައި ހަމައަށްވެސް އިންސާނުންގެ މެދުގައި ވިސްނުމުގެ ގޮތުންނާއި ވިސްނުން ކޮށިކަމުގެ ގޮތުންނާއި ބާރުގެގޮތުންނާއި ޟަޢީފުވެ، ބަލިކަށިވުމުގެ ގޮތުންނާއި ރީތީގެ ގޮތުންނާއި ހަޑިހުތުރުކަމުގެ ގޮތުންނާއި މުރާލިކަމާއި ހިތްވަރާއި، ހިންމަތުގެ ގޮތުންނާއި ކަންނެތްކަމުގެ ގޮތުންނާއި ދަރިންލިބުމުގެ ގޮތުންނާއި ދަރިންނުލިބުމުގެ ގޮތުންވާ ގިނަގުނަ ފަރަޤުތަކެއް ފިޠްރަތީގޮތުން ހިމެނިފައިވެއެވެ. ފަހެ، މިސިފަތަކަކީ، އިންސާނުންގެ މެދުގައިހުރި، ޠަބީޢީ، އަދި ޤުދުރަތީފަރަޤު ތަކެވެ. ތަފާތުތަކެވެ. މިހުރިހާ ފަރަޤު ތަކާއި ތަފާތުތައް އިންސާނުންގެ މެދުގައި ވަނިކޮށް ހަމައެކަނި މުދަލުގެ ގޮތުންނާއި ރިޒްޤުގެގޮތުން ހަމަހަމަނުވަނީސް އެއްވެސް ވައްތަރެއްގެ ޑިމޮކްރަސީއެއް ނުގެނެވޭނޭ ބުނާބުނުމަކީ، ޞައްޙަބަހެއް ނޫނެވެ. ޠަބީޢީއެހެން ފަރަޤުތަކާ އެކުގައި ހުރިހާ ޑިމޮކްރަސީއެއް އެކުލެވިފައި ވާނަމަ، މުދަލާއި މުއްސަނދި ކަމާއެކުވެސް އިސްލާމީ ޑިމޮކްރަސީއާއި އެހެނިހެން ހުރިހާ ޑިމޮކްރަސީއެއް އެކުލެވިފައި އޮތުން މާއައުލާކަން ބޮޑެވެ. އިންސާނީ މުޖްތަމަޢުތަކުގައި މިރޮގުންހުރި، ހުރިހާ ޤުދުރަތީފަރަޤުތަކާއި ތަފާތުތައް، އެމީހެއްގެ ހިއްމަތާއި މަސައްކަތުގެ މައްޗަށް ބިނާވެފައި ހުރުމަކުން، އެއްވެސް ގޮތަކަށް އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީއަށް އެއްވެސްކަހަލަ ހުރަހެއް ނޭޅެއެވެ. އެއްވެސްކަހަލަ ތަޢާރުޟްވުމެއް އޮޅުމެއްނެތެވެ. ފަހެ، ގިނަގުނަ ކުރީގެ ތަޖުރިބާތަކުންނާއި މިހާރުގެ ޒަމާނާގުޅޭ ތަހުޒީބީ ތަޖުރިބާތަކުން ވެސް ފާޅުވެ، އެނގެމުންދާ އެއްޗަކީ، އިންސާނުންގެ މެދުގައި މިތަފާތުހުރުމަކީ، ރަނގަޅުމާތް، ޢަލާމަތެއް ކަމުގައެވެ. ތަރައްޤީވެ ކުރިއެރުމަށްއޮތް ޢިއްލަތެއް ކަމުގައެވެ. ތަރައްޤީވުމަށްއޮތް ވަރުގަދަ ރޫޙެއްކަމެވެ. އަދި ﷲ ގެ އެފަދަ ރަޙްމަތަކުން، ސަލާމަތްވެ ގަންނަން މަސައްކަތް ކުރުމަކީ، ތާކުންތާކު ނުޖެހޭ ބޭކާރުކަމެއް ކަމުގައެވެ. މުޖްތަމަޢުތަކުން މިފަދަތަފާތުތަކަކީ ބޭނުންވެއްޖެނަމަ، ފާޑަކަށް ނައްތާލެވިދާނެ ކަމެކެވެ. އަދި މުދަލުގެ ގޮތުންނާއި މުއްސަނދި ކަމުގައި ތަފާތެއް ނުވާގޮތަށް ގަދަކަމުން، މުޖްތަމަޢުތައް މަޖުބޫރީހާލަކަށް ގެނެސް އެގޮތަށް ހަދާވެސް ލެވިދާނެއެވެ. އެހެނަސް އެއީކީ ރަނގަޅު، އަދި މުޖްތަމަޢަށް އެންމެ ފައިދާހުރި ގޮތަކަށް ނުވާނެއެވެ. ފަހެ، ދަންނާށެވެ! އެހެން ނުވެސް ހެދޭނެއެވެ! މިއީ ކުރެވޭނެކަމެއް ނޫނެވެ. މިފަދަ ތަޖުރިބާތައްވަނީ، ކޮމިއުނިސްޓު ޤައުމުތަކުގައި ޢަމަލުކޮށް، ތަޖުރިބާކުރެވި ފެއިލްވެފައެވެ. ފާއިތުވެ މާޒީވެފައެވެ. ފަހެ، މިނަތީޖާ ޙާޞިލުވެފައިވަނީ، ވަކިއުޞޫލު ތަކަކަށް އިންސާނުން ގަދަބާރުން ލަންބާއި އެހަމަތައް ގަދަބާރުން ތަންފީޒު ކުރުވުމުންނެވެ. އިންތިހާއަށް ރައްޔިތުން އަޅުދާސް ކުރުވުމުންނެވެ. މަޖުބޫރުކޮށްގެން ރެއާއިދުވާލު އިންސާނުން ލައްވާބުރަ މަސައްކަތްތައް ކުރުވުމުންނެވެ. އިންސާނުން އޮޓަމެޓިކުންހިނގާ މެޝިންތަކަކަށް ހަދައި މަޖްބޫރުކޮށް ގެންނެވެ. މިނަތީޖާ، މިހެންދިމާވުމުގެ އެންމެބޮޑު ސަބަބަކީ މިތަފާތުތަކަކީ، އިންސާނުން ކުރިއަރަމުން ގޮސް ތަރައްޤީވެ ތަހުޒީބުވުމުގައި ދިމާވަމުންދާ ސާފުޠާހިރު ހެކިތަކަކަށް ވެފައި ވާތީއެވެ. އަދި އެކަމުގެ ހެއްކާއި ދަލީލުތަކަކަށްވެސް ވެފައިވާތީއެވެ. ދުނިޔެއިން މިހާރު، މިފެންނަ ތަރައްޤީގެ ކުރިއެރުމަކީ، އެތަފާތުތައް ޠަބީޢަތާއެއްގޮތަށް މިނިވަންކަމާއެކު، “އިޤްތިޞާދީ ޑިމޮކްރަސީ” އެއްގެ ތެރެއިން ކުރިޔަށް ދިއުމަށް ދޫކޮށްލެވިފައި އޮތްއޮތުމުގެ ސިއްރެވެ. އަދި އިންސާނާގެ މައްޗަށް މަޖްބޫރުކޮށްފައި އޮތް، ޖާހިލީއަނިޔާވެރި ޙާލަތުއުވި، ވީއްލި ދިއުމުންނެވެ. އިޤްތިޞާދު ވީއްލި އެންމެންގެ މެދުގައި މިނިވަންވެގެން ދިއުމުންނެވެ.

ދެންފަހެ، ދަންނާށެވެ! އެއްވެސް ޙާލެއްގައި އިންސާނީ ޠަބީޢަތައި އިސްލާމީ ޑިމޮކްރަސީ، ތަޢާރުޟެއް ނުވެއެވެ. އަރާރުމެއް ނުވެއެވެ. މަޝްވަރާގެ ބިނާމަތީގައި އިސްލާމީ ޑިމޮކްރަސީން ވާޖިބުކޮށްދޭ އެންމެވަރުގަދަ ރުކުނަކީ، ޝަރީޢަތާއި ޤާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައަކަށް ވެފައި ޢަދުލްއިންޞާފު މުޅިބިމުގައި ފެތުރި، ޤައިމުވެފައި އޮތުމެވެ. ބާރުގަދަމީހުން ނިކަމެތީންގެ ޙައްޤުތައް ނުޙައްޤުން، ދަމައިގަތުމެއް ނޫނެވެ. އަދި ބައެއް މީސްތަކުންގެ ޙައްޤުތައް އެނގިތިބެ، މަޙުރޫމްކޮށްލުމެއް ނޫނެވެ. ފުރިހަމަ ޞައްޙަ އިސްލާމީ ޑިމޮކްރަސީ ނިޒާމަކީ، މުޖްތަމަޢުގައި ނުސީދާބާރެއް ހިންގޭނެއެއްވެސް މީހަކުނުވުމެވެ. ނުހުރުމެވެ. އަދި މުއްސަނދި މީހުންގެ ފަރާތުން ފަޤީރުންނަށް ލިބިދޭޙައްޤުތަކުން މަޙްރޫމް ކޮށްލުމުގެބާރު އެކަކަށްވެސް ލިބިގެން ނުވުމެވެ. މުދަލުގެ ޒަކާތްނެރުމެވެ. ފިޠުރިޒަކާތާއި ޞަދަޤާތްތައް ހިނގަހިނގާ ހުރުމެވެ. އެކެއްގެ ނުވަތަ މަދުބައެއްގެ އަތްމައްޗަށް މުޅިޤައުމުގެ އިޤްތިޞާދު ހަނިވެގެން ނުދިއުމެވެ. އެންމެންނަށް ވިޔަފާރި ކުރުމުގެ ޙައްޤު މިނިވަންކަމާއެކު ހުޅުވާލެވިފައި އޮތުމެވެ. އާދެ! އިޤްތިޞާދީ ޑިމޮކްރަސީއަކީ މިއެވެ. ފަހެ، އިސްލާމްދީން ގައިވަނީ، ފައިދާހޯދައިގަންނަ ނާޖާއިޒު، ނުސީދާބާރުތައް މުޅިންބާޠިލް ކުރައްވާފައެވެ. އަޅުވެތިކަމާއި މަޖުބޫރުން މަސައްކަތް ކުރުވުމުގެ ދޮރުމުޅިން ބަންދުކުރައްވާފައެވެ. އަދި މަސައްކަތާއި މަސައްކަތްތެރިންގެ ޙައްޤަކީ، މުޤައްދަސް، މާތްއެއްޗަކަށް ހައްދަވައި މަތިވެރިކުރައް ވާފައެވެ. މިދެ ޤާޢިދާފިޔަވައި އެހެންގިނަ ޤާޢިދާތަކެއް އިޤްތިޞާދީ ޑިމޮކްރަސީ، އޭގެ ފުރިހަމަ ސިފައިގައި ދެމިއޮތުމަކަށް ބޭނުމެއްނުވެއެވެ. ރައީސް މައުމޫނުގެ ސަރުކާރުން މިގެންގުޅުއްވާ މަދުބަޔަކު މުއްސަނދި ކުރުމުގެ ހަމަތަކަކީ، އިސްލާމީ ޝަރީޢަތުގައި އަސްލެއްނެތް، ބާޠިލުހަމައެކެވެ. އެޤާޢިދާއަކީ ނުވަތަ ގަވާޢިދަކީ، އަމިއްލައަށް އުފައްދާފައިވާ، ބާޠިލުއެއްޗެކެވެ. ވިޔަފާރިކޮށް، މުއްސަނދިވުމުގެ ހުރިހާމަގަކާއި ދޮރެއް، އަމިއްލަފުޅު ސަރުކާރު ދަމަހައްޓައި ދިނުމަށް ފައިވިއްދާއި ކަމަރުބަނދެގެން ތިއްބެވި، ހައެއްކަ ވިޔަފާރިވެރިއަކަށް ހަމައެކަނި ފަހިވެފައި އޮވެގެން ނުވާނެއެވެ. ދިވެހި ޚަޒާނާގެ ތަޅުދަނޑިވެދުމަށް އަރުވާފައިވާ ސައުދާގަރު އޮނަރަބްލް ޤާސިމްއިބްރާހީމް، ނާޖާއިޒު ގޮތުން ބޮޑެތިފައިދާތައް ރައްޔިތުންގެ މުދަލުން ނަގައި، އޭގެމައްޗަށް، ވެރިވެވޭނެހާ ގޮތްތައް ހަމަޖެހިފައި އޮތުމަކީ، ބާޠިލުހަމައެކެވެ. ފަހެ، ރައްޔިތުންގެ އެންމެޙައްޤު ކަންބޮޑުމުދަލަކީ، ފަޅުރަށްތަކާއި ފަޅުތަކާއި ގިރިތަކާއި ފިނޮޅުތަކެވެ. މިއެސެޓުތަކާއި މުދާތަކުގެ ފައިދާ އެންމެންނަށް ނުލިބޭގޮތަށް ނުޙައްޤުން ބަޔަކު ވެރިވެފައިވާނަމަ، އެއީ ފަހުން ބެލަންޖެހޭނެ ކަންތަކެވެ. އިންސާފު ކުރެވޭނެކަންތަކެވެ. އަދި ރައްޔިތުންގެ ބާރުގެ ދަށަށްގެނެސް އެއީ، ޤައުމީފައިދާއެއް އޮންނަގޮތަށް ހަމަހަމަކޮށް އެންމެންނަށް ބެހިގެންދާންޖެހޭނެ އެންމެންގެ މިލްކިއްޔާތެވެ. ހުޅުވާލެވިފައި އޮންނަ މިނިވަން ވިޔަފާރިއަކަށް ވާންޖެހޭނެއެވެ. ފަހެ އިސްލާމްދީން އަމުރުކުރައްވަނީ، މުދާތައް އެންމެންގެ މެދުގައި ބެހިފައި ހުރުމަށެވެ. ޤައުމީ ފިޔަފާރިތައް މަދުކޮށްމުޅިން ނައްތާލުމެވެ. އެއަށްފަހު، އެންމެންނަށް އެއްހަމައަކުން ވިޔަފާރި މިނިވަންކަމާއެކު، ހުޅުވާލެވިފައި އޮތުމެވެ. ﷲ އަންގަވަނީ ރައްޔިތުންގެ ޙައްޤުމުދާތައް އެންމެންގެ މެދުގައި ބެހިފައިހުރުމަށެވެ. އެއުޞޫލު ދިރުވާއި ދެމެހެއްޓުމަށެވެ. މަދުބައެއްގެ ތެރޭގައި ދައުރުވެވޭ ގޮތަށް އޮންނައޮތުން ރޫޅާލުމަށެވެ. ފަހެ، އެފާޑުގެ މަދުބައެއްގެ އަތްމަތީގައި އޮންނަ މުދާވެރިކަމަކީ، އިޤްތިޞާދީ ޑިމޮކްރަސީއައި މުޅިން ދެކޮޅުކަމެކެވެ. ރައްޔިތުން އެކަންރޫޅާލަން ޖެހޭނެއެވެ. ނެތިކޮށްލަން ޖެހޭނެއެވެ. ސައުދާގަރުންގެ ބާރުތައް ވިއްސިވިހާލި ކޮށްލަން ޖެހޭނެއެވެ. ޤައުމު ފަސާދަކުރިޔަދީގެން ނުވާނެއެވެ. ﷲ ގެ އަމުރުފުޅު ތަކަށް ބައްލަވާށެވެ. ވިސްނާވަޑައި ގަންނަވާށެވެ!

“އެހެނީ، އެމުދައު ކަލޭމެންކުރެ މުއްސަނދީންގެ މެދުގައި ދައުރުވޭވެ ހުރިޔަނުދިނުމައް ޓަކައެވެ.” (ޙަޝްރު ސޫރަތުގެ، 7 ބައްލަވާށެވެ.)

އަދި ފަހުން ފައިދާލިބިގަތުމަށް މުދައުތައް ޚަޒާނާކުރުން ވަނީ، މުޅިންހެން މަނާކުރައްވާފައެވެ. ދުރާލައި ރައްޔިތުންގެ މިލްކުގައިވާ ފަޅުރަށްތަކާއި ފަހުންއަގުއަރާނެ ބޮޑެތިބިންތަކާއި ފަޅުތައް، ޢުމުރަށް މިލްކުކޮށްގެން ތިބުމަކީ ރައްޔިތުންނަށް ބޭއިންޞާފުވުމެވެ. ޣައްދާރުވުމެވެ. އަނިޔާވެރިވެ ރައްޔިތުންގެ ޙައްޤަށް އަރައިގަތުމެވެ. ރައްޔިތުންގެ މުދަލުން ފޭރިކެއުމެވެ.

“އަދި، ޚަޒާނާގެ ގޮތުގައި ރަންރިހިއެއްކޮށް ފުނިޖަހައި ފޮރުވައިގެން، އެތަކެތި ﷲގެ މަގުގައި ހޭދަނުކޮށް ތިބޭމީހުން، ފަހެ އެމީހުންނަށް، ފިސާރި ވޭންދެނެވި ޢަޒާބެއް ލިބޭހުށިކަމުގެ ޚަބަރުދޭށެވެ.” (ތައުބާ ސޫރަތުގެ، 34 ބައްލަވާށެވެ.)

އަދި އަގުބޮޑުކޮށް ވިއްކުމުގެ ބޭނުމުގައި މުދައު އިޙްތިކާރުކޮށް، ގުދަންކޮށް ފޮރުވާފައި ބެހެއްޓުމަކީ، ޙަރާމްކަމެއް ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. އޭ ސައުދާގަރުން ނެވެ! ނިކަން ވިސްނާއި ދެނެގަންނާށެވެ! ފުނިޖަހާފައިވާ ތިޔަމުދާތަކުން އެހެންމީހުންގެ ޙައްޤުތައް ނެރެދެއްވާށެވެ!

“ރަނގަޅުގޮތުގައި މުދައުވިއްކާމީހަކީ، ރިޒްޤުލިބިގެންވާ މީހާއެވެ. އަދި އަގުބޮޑުކޮށް ވިއްކުމުގެ ގޮތުން މުދައު ފޮރުވާމީހަކީ، މަލްޢޫނެކެވެ.” (ރިވާކުރެއްވީ އިބްނުމާޖާއެވެ.)

އާދެ! އަދި، އެހެން ޙަދީޘެއްގައި ވެއެވެ. ވިދާޅުވެ ވިސްނައި ވަޑައިގަންނަވާށެވެ!

“އަގުބޮޑުކުރުމުގެ ގޮތުން ސާޅީސްދުވަހަށްވުރެ ގިނައިން ކާނާއެއް ފޮރުވިމީހާވަނީ، ﷲ އަށް ބަރީއަވެފައެވެ. އަދި ﷲ ވަނީ، އެމީހެއްގެ ކިބައިން ބަރީއަވެ ވޮޑިގެންނެވެ.” (ރިވާކުރެއްވީ އިމާމުއަޙްމަދެވެ.)

ފަހެ، ދަންނާށެވެ! ތިމާގެ އެއްވެސް މަސައްކަތެއްނެތި، ހޯދާމުދައު، އިސްލާމްދީން ޙަރާމްކުރައްވާފައި ވާއިރު، އެންމެމާތް، އަދި އެންމެ އަގުހުރި ފައިދާކުރުވަނި މުދަލަކީ، ތިމާގެ އަމިއްލަ މަސައްކަތުން ހޯދާ ޙައްޤު މުދައުކަމުގައި ވަނީ ލައްވާފައެވެ. މުދަލާއި ފައިސާ ހޯދުމުގައި ގަދައަޅައި، އެންމެންވެސް ހިންމަތާއެކު މަސައްކަތް ކުރަންވީއެވެ. ހަމަހަމަކަމާއި މިނިވަންކަމާއެކު ގައެވެ. ﷲ، އެކަލާނގެ އަޅުން ތިޔާގި ކުރައްވާއި، ތަނަވަސް ކޮށްދެއްވާނެކަން ކަށަވަރެވެ. އެއްވެސް ހުރަހެއްނެތިއެވެ. ސަރުކާރުގެ ވާޖިބަކީ، އެންމެންނަށް ހަމަހަމަވާގޮތަށް ޤަވާޢިދުތައް ހަދައި ފިޔަފާރިކުރުމަށް، މަގުފަހިކޮށް ދިނުމެވެ. އަދި އެޤަވާޢިދުތައް ހަމަހަމަކޮށް ހިންގުމެވެ. އެސްޓީއޯފަދަ ޤައުމީވިޔަފާރިތައް މުޅިންނައްތާލުމާއެކު ޢަންމުކޮށް އެންމެންނަށް ހިއްސާވެވޭގޮތަށް ވިޔަފާރި، ފުޅާދާއިރާއެއްގައި އެފަދަ މަރްކަޒީ ވިޔަފާރިތައް އެންމެންނަށް ހުޅުވާލުމަށް ގޮވާލަމެވެ. ފަހެ، ﷲގެ އަމުރުފުޅު އައިސްފައި ވަނީ މިފަދައިންނެވެ. އަދި މިމާނައިގައެވެ.

“އަދި، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ޢަމަލުކުރާށެވެ! ތިޔަބައިމީހުންގެ ޢަމަލުތައް، ﷲ ދެކެވޮޑިގެންވާ ނެއެވެ. އަދި އެކަލާނގެ ރަސޫލާވެސް ދެކެވަޑައި ގަންނަވާނެއެވެ. އަދި، މުއުމިނުންވެސް ދެކޭނެއެވެ.” (ތައުބާ ސޫރަތުގެ، 105 ބައްލަވާށެވެ.)

އަދި، ރަސޫލާޙަދީޘް ކުރައްވާފައިވެއެވެ.

“އެންމެމާތް ހޯދުމަކީ، ތިމާގެ އަމިއްލައަތުން މަސައްކަތް ކޮށްގެން ހޯދާހޯދުމެވެ.”

އަދި އެހެންމެ، އިސްލާމްދީނުގައި އެންމެބޮޑު ޙަރާމްކަމަކީ، ނާޖާއިޒުގޮތުން ހޯދާފައިވާ، ޙައްޤުނޫން، ބާޠިލްމުދަލުން ދިރިއުޅުމާއި އެފައިސާގެބާރުން އެހެނިހެން އެކިއެކިކަންކަން ކުރުމާއި އެފައިސާއިން، ޙާކިމުންނާއި މަޙްކޫމުމްނަށް ރިޝްވަތު ދިނުމެވެ. އަދި، ބައިއެޅުމެވެ. އެކިކުންފުނިތައް އެމީހުންގެ ހިއްސާވާގޮތަށް އުފައްދައިގެން ފައިދާގެ ގޮތުގައި ނަގުދުފައިސާ ދިނުމެވެ. ފަހެ މިއީ، ރައްޔިތުންނަށް އަނިޔާވެރި ވެރިންގެ ހައިބަތާއި ނުފޫޒާއި ބާރު، ދަމަހައްޓައި ދިނުމަށް ސައުދާގަރުން ކުރާ ނާޖާއިޒު ޚަރަދުތަކެވެ. ޙައްޤުނޫން ހޭދަތަކެވެ. ފަހެ، އަމިއްލަ ވިޔަފާރި ޙިމާޔަތްކޮށް ދިރުވާއި ދަމަހައްޓައިދެނީ މިގޮތަށެވެ. ރައީސްމައުމޫނުގެ ވަށައިގެން ތިއްބެވި ބޮޑެތި ސައުދާގަރުންގެ ކިބައިން ފެނިގެންދަނީ، މިފާޑުގެ ނޭދެވޭ މަންޒަރުތަކެވެ. ފަހަތުގައި ރައްޔިތަކާއި ޤައުމެއްވާކަންވަނީ، ހަނދާން ނެތިފައެވެ. އަސަރުހުއްޓެވެ! ވެރިޔަކު ޢަދުލްއިންސާފުން ނެއްޓިއެއްފަރާތް ވެއްޖެ ޙާލެއްގައި އެމީހެއްގެ ހައިބަތާއި ނުފޫޒާއި ބާރު، ދަމަހައްޓައި ދިނުމަށް ފައިސާއިން އެހީތެރިވެ ޚަރަދުކުރުމަކީ، ބޮޑުވެގެންވާ ޙަރާމްކަމެކެވެ. އެކަންކުރާމީހަކު ކޮންމެވެސް ދުވަހަކުން، ޒަލީލު ކުރައްވާނެކަން ކަށަވަރެވެ. އެފަދަވެރިން ޖެހޭނީ ވެރިކަމުން ދުރުކުރުމަށް އެންމެންވެގެން މަސައްކަތް ފަށާށެވެ! އިސްލާމްދީން ގޮވާލައްވާފައި ވަނީ، މިހެންނެވެ.

“އަދި ތިޔަބައިމީހުންގެ މުދައުތައް، ތިޔަބައިމީހުންގެ މެދުގައި ބާޠިލުގޮތުގައި ކައިނޫޅޭށެވެ! އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، މީސްތަކުންގެ މުދަލުގެ ތެރެއިންބައެއް، ފާފަވެރިގޮތުގައި ކެއުމަށްޓަކައި، ތިޔަބައިމީހުންގެ މުދައުތައް ޙުކުމްކުރާ މީހުންނަށް ނުދޭށެވެ. (ބަޤަރާ ސޫރަތުގެ، 188 ބައްލަވާށެވެ.)

ފަހެ، ދަންނާށެވެ! އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީގައި ހުންނަންވީ އިޤްތިޞާދީ ހަމަތަކާއި މަޢާޝީހަމަތަކަކީ މިއެވެ. އިސްލާމީޑިމޮކްރަސީ ހަމަތަކުގެމަތިން، އިޤްތިޞާދީ ޑިމޮކްރަސީއަށް ތަންކޮޅެއްފުން ނަޒަރަކުން ވިސްނާލުމުން ދިމާވާއެންމެ ބޮޑު އުނދަގުލަކީ، މިޒަމާނުގެ އިޤްތިޞާދީ ނިޒާމުތަކުގައި ވެސް ތިލަވެ، ދިމާވެގެންއުޅޭ އުނދަގޫތަކެވެ. ހަމަ އެހުރަސްތަކެވެ. އެކަމަކީ އުފެއްދުން ތެރިކަން މަދުވެފައި ޚަރަދުގެބައި ބޮޑުވުމުގެ މައްސަލައެވެ. އަދި ފައިސާހޯދެން ހުރިގޮތްތައް މަދުވަމުން ދިއުމެވެ. އެހެނަސް މިމައްސަލައަކީ، އިސްލާމީ ނަޒަރަކުން ބަލާއިރު އެއްވެސް އަގެއް، އަދި ވުޖޫދެއްނެތް މައްސަލައެކެވެ. ސަބަބަކީ، އިސްލާމުންގެ އިޤްތިޞާދީ ޑިމޮކްރަސީ ނިޒާމު ބިނާވެ، ނެގެހެއްޓިފައި ވަނީ، ވަކިޢަޤީދާއެއްގެ އަހުލުވެރީންނަށް ކަމުގައިވާތީ އެވެ. ފަހެ، އެޢަޤީދާއަކީ މިއެވެ. އެއީ، އިސްލާމީ ޢަޤީދާއެވެ. ހިންމަތާއެކު ގަދައަޅާ މަސައްކަތް ކުރަންވީއެވެ. ރިޒްޤުދެއްވާނެތެވެ. ޑްރަގް ވިއްކުމާއި ޒުވާން އަންހެނުން ލައްވާހަށި ވުއްކުމާއި އިންސާނުން ނަހަގޮތުގައި އަޅުވެތުކުރުމާއި އެއްތަނުން އަނެއްތަނަށް އުފުލުމާއި މިފަދަ ވިޔަފާރިތަކުން، ހޯދާފައިސާއެއްގައި އެއްވެސް ބަރަކާތެއް ނުހުންނާނެއެވެ. އެއީ ނާޖާއިޒު ބޭކާރުމުދަލާއި ފައިސާކަން ކަށަވަރެވެ. މިފަދަފައިސާއިން އެމީހަކަށް ލިބޭނީ، ހިތްހަމަނުޖެހުމާއި ނުތަނަވަސްކަމެވެ. އަމިއްލަ ނަފްސަށް ކުރާނީގެއްލުމާއި ހަލާކެވެ. ﷲގެ ވަޙީބަސްފުޅުގެ މާނާގައިވަނީ، މިފަދައިންނެވެ.

“ރިޒްޤުދެއްވާ ރަސްކަލާނގެ އަކީ، ﷲ ކަންކަށަވަރެވެ. އެކަލާނގެއީ އާރައިބާރުގެ ވެރި ރަސްކަލާނގެއެވެ.” (ޒާރިޢާރު ސޫރަތުގެ، 58 ބައްލަވާސެވެ.)

“ބިމުގައިވާ ފުރާނަހުރި ތަކެތީގެ ތެރެއިން އެއެއްޗަކަށް، ﷲ ރިޒްޤުނުދެއްވާ އެއްވެސް އެއްޗެއް ނުވެއެވެ.” (ހޫދު ސޫރަތުގެ، 6 ބައްލަވާށެވެ.)

ފަހެ، ދަންނާށެވެ! މިއީ މުސްލިމުންގެ ހަރުދަނާ ޢާޤީދާއެވެ. އިޢުތިޤާދުކުރާގޮތެވެ. ސާފުތެދުމަގެވެ. އީމާނެވެ. މިގޮތުގެ މަތީގައި މިޢަޒުމުގެމަތީގައި ހިތްވަރާއެކު، އެންމެންވެސް މަސައްކަތް ކުރަންވީއެވެ. އަނިޔާވެރި، ވެރިންގެ އަރިހުގައި ބޮޑުންގެ ގޮތުގައި ފަޚުރުވެރިވެގެން އުޅޭ ސައުދާގަރުންނާއި ބޮޑުންގެ ބާރަކީ، ވަޤުތީއެއްޗެއްކަން ދަންނާށެވެ. ކުރީގެ ރަސްރަސްކަލުން އަރިހުގައި ބޮޑުންގެ ގޮތުގައި ތިއްބެވި ވަރުގަދަ ސައުދާގަރުންތައް ކޮބައިތޯއެވެ؟ ދިވެހީންދަންނަ، އަލްމަރްޙޫމް ގުޅީޢީސާ ކަލޭފާނުމެންގެ ވިޔަފާރިތައް ކޮބައިތޯއެވެ؟ ރައީސް މައުމޫނުގެ ބަގުޑިބެއްދުމުގެ، ބަގުޑިކްރަސީ ސަރުކާރު ދަމަހައްޓައިދޭން ފައިވިއްދައިގެން އުޅޭމުއްސަނދި ސައުދާގަރުންގެ ޙަލަކީ ކޮބައިބާވައެވެ! މިފަދަ ކޮންމެސަރުކާރެއް ވެސް މީގެތެރެއަސް ވަންނާނެއެވެ. ރައީސްމައުމޫނަށާއި މިފަދަވެރިންނަށް ހިތްވަރާއި މަދަދު ދިނުމުގެ ބަދަލުގައި ތެދުމަގަށް ރުޖޫޢަވާން ވެއްޖެއެވެ. އޭނާއަށާއި މިފަދަވެރީންނަށް ތައުބާވުމަށް ގޮވާލާއި ރައްޔިތުންނައި އެއްބައި ވާންވީއެވެ. އޭރުންހަމަ ޤައިމުވެސް، ﷲގެ ރަޙްމަތާއި ރުހުންލިބޭނެކަން ކަށަވަރެވެ. ފަހެ، ރައީސް މައުމޫނުގެ ނަފްސާއި މިފަދަ އެހެންވެރީންގެ ނަފްސުތައް، ރައްޔިތުންގެ އާރާއި ބާރާއި އިންޞާފުގެ ދަށުން ސައުދާ ގަރުންނާއި މަހުޖަނުންނަށް، ސަލާމާތްކޮށެއް ނުދެވޭނެކަން ކަށަވަރެވެ. ތަނަވަސްކަމާއި ރިޒްޤުދެއްވަނީ، ﷲ އެވެ. ފަހެ، އެކަން ދާއިމީއެއްޗަކަށް ހައްދަވާށެވެ. ޝައްކެތް ވަސްވާހެއް ނެތެވެ. މިގޮތުގައި ދެމިތިބެ، ﷲ އައިގާތަށް ދެވުނުވަރަކުން، ﷲ އެމީހަކަށް، ނުވަތަ އެބަޔަކަށް، ނުވަތަ އެއުންމަތަކަށް، ނުވަތަ އެޤައުމަކަށް ރިޒްޤުތަނަވަސް ކޮށްދެއްވާނެކަން ކަށަވަރެވެ. ޔަޤީނެވެ. ﷲ އެބަޔަކައި ކުއްތަންވެ ވޮޑިގަންނަވާނެއެވެ. ﷲ އައި ގާތްވިވަރަކަށް އެމީހަކާ ﷲ، ގާތްވާނެތެވެ. ބޭނުންވަނީ ވަރުގަދަ، ފުރިހަމަ ޢަޤީދާއެކެވެ. ފަހެ، ﷲ ވަޙީބަސްފުޅުގެ މާނަވަނީ، މިފަދައިންނެވެ.

“ރަށްތަކުގެ އަހުލުވެރީން އީމާންވެ، ﷲ އަށް ތަޤުވާވެރިވެ، ރައްކައުތެރިވިނަމަ، ﷲ އެމީހުންގެ މައްޗަށް އުޑުންނާއި ބިމުން ބަރަކާތްތައް ދެއްވައި ހުޅުވާލެއްވީމުހެވެ.” (އަޢުރާފު ސޫރަތުގެ، 96 ބައްލަވާށެވެ.)

އާދެ! ދެން އަޅުގަނޑު ބަލައިލާނީ އިޖްތިމާޢީ ޑިމޮކްރަސީއާއި ޑިމޮކްރަސީ އަޚްލާޤުގެ ބަޔަށެވެ. އޭރުން މިލުއިފޮތް ނިމުމަކަށް ގެނެވުނީއެވެ.

އިޖްތިމާޢީ ޑިމޮކްރަސީ :

އިސްލާމީ މުޖްތަމަޢެއްގައި އިޖްތިމާޢީ ޑިމޮކްރަސީއަކީ، ކޮންމެހެންވެސް އޮންނަންވާނެ އެއްޗެއްކަން ކަށަވަރެވެ. މުޖްތަމަޢު، އިޖްތިމާޢީގޮތުން ޑިމޮކްރަސީގެ ހަމަތަކަށް ފެތިގެން ދާނެ ސިފަތަކެއް އިސްލާމްދީނު އަންގައިދެއްވާއި އަމުރުކުރަށްވާފައި އެބަހުއްޓެވެ. މުޖްތަމަޢުގައި އިޖްތިމާޢީ ޑިމޮކްރަސީގެ ހަމަތައް ހިފޭއްޓެނީ، ކޮންމެ އިންސާނަކުވެސް އަނެއް އިންސާނާއަށް ފުރިހަމަ އިޙްތިރާމް ކުރުމާއި އެހީތެރިވުމާއި ހެޔޮމަގު ދެއްކުމާއި ހެޔޮ ނަޞޭޙަތްތެރި ވުމުގެ ބުރަ މަސްއޫލިއްޔަތު ކޮންމެ ފަރުދަކުވެސް ކޮނޑުފުޅުގައި އަޅުއްވައިގެންނެވެ. މިގޮތުގައި އެންމެންވެސް ކުރިޔަށް ވަޑައިގަންނަވަން ތިއްބެވިއްޔާ އޮންނާނީ ވަރަށްފުރިހަމަ ރަނގަޅު މުޖްތަމަޢެކެވެ. އިޖްތިމާޢީ ޑިމޮކްރަސީގެ ހަމަތައް ހިފޭއްޓިފައިވާ ސާފުސީދާ މުޖްތަމަޢެކެވެ. އެއްވެސް ގޯހެއްނުވާ ކޮރަޕްޝަނުން ޠޯހިރު މުޖްތަމަޢެކެވެ. އަދި އެމުޖްތަމަޢެއް ފަސާދަވެ، ކޮރަޕްޓްވެ، ނުބައިވެ، ގޯސްވަމަކުންވެސް ނުދާނެކަން ކަށަވަރެވެ. އަދި އެއްވެސް ބަޔަކަށް، ނުވަތަ އެއްވެސް މީހަކަށް، ނުވަތަ މުޖްތަމަޢަކަށް، ނުވަތަ އުންމަތަކަށް އެބަޔެއްގެ ތެރޭގައި ޙައްޤުގޮތަށް މަގުދައްކައިދެމުން، ނުބައި ބާޠިލުގޮތްތަކުން، ދުރުހެލިވުމަށް ގޮވާލަމުން ދަނިކޮށް ހަލާކުގެ ތެރެއަށްގޮސް މަގުފުރެދިފައެއް ނުވެއެވެ. ރަނގަޅުގޮތްތައް ބަލައިގަނެ، ޤަބޫލުކުރަމުން ދިޔަވަރަކަށް އޮތީ، އުންމަތުގެ ކާމިޔާބުތައް ބޮޑުކޮށެވެ. އެއްވެސް ހުރަހެއް ނެތި އެކަކުއަނެކަކަށް ނަސޭޙަތްތެރިވެ، ތެދުމަގަށް ގޮވާލާއި އެއްބާރުލުމަކީ ކާމިޔާބުވުމަށް އޮތްހެޔޮމަގެވެ. ގެއްލުމުގެ ތެރެއަށް ނުގޮސް އެމަގުން ކާމިޔާބު އިޖްތިމާޢީ ޑިމޮކްރަސީއެއް ލިބިގަނެ ކާމިޔާބު އުންމަތަކަށް ވާންވީއެވެ. އެދޮރުއޮތީ ކޮންމެބަޔަކަށްވެސް ހުޅުވިފައެވެ. ފަހެ، ގެއްލުމުގެ ތެރެއަށް ނުވަންނާށެވެ. އިޖްތިމާޢީ ޑިމޮކްރަސީގައި ހިފާއްޓާށެވެ. އަދި، ލިބިގަންނާށެވެ. ދެދުނިޔެ ކާމިޔާބުކުރާ ބަޔަކަށްވާށެވެ.

ފަހެ، ދަންނާށެވެ! ހުރިހާއިންސާނުން ވެސްވަނީ، ހަލާކާއި، ގެއްލުމާއި ޚަސާރާގެ ތެރޭގައެވެ. ފަހެ އެގެއްލުމާއި ޚަސާރާގެ ތެރެއިން ސަލާމަތްވެފައިވާ ބަޔަކީ، އިޖްތިމަޢީ ޑިމޮކްރަސީ ދަމަހައްޓާ މީހުންނެވެ. ހަމަކަށަވަރުން އެމީހުންނީ؛ “އީމާންވެ ހެޔޮކަންތައް ކުޅަމީހުންނާއި، ޙައްޤާމެދު، އެކަކުއަނެކަކަށް ވަޞިއްޔަތްކޮށް، އަދި ކެތްތެރިވުމާމެދު އެކަކުއަނެކަކަށް ވަޞިއްޔަތްކޮށް އުޅުނު މީހުންނެވެ.” (ވަލްޢަޞްރި ސޫރަތް ބައްލަވާށެވެ.)

ފަހެ، ހުރިހާއެންމެންނަކީ ވެސް އެކަކުއަނެކަކަށް ހެޔޮގޮތުގައި އެހީތެރިވާންވި ބައެކެވެ. އަދި އެންމެން އެކެތިގަނޑަކަށްވެ އެހީތެރިވާންވީ، ހެޔޮކަންތައް ކުރުމާއި ގޯސް ނުބައި ކަންތައްތަކުން ދުރުކޮށް އެކަންތައްތައް ނައްތާލުމަށެވެ. ފަހެ، މިއީ ވަކިބަޔަކަށް ވަކިދަރިކޮޅަކަށް، އޮތްކަމެއް ނޫނެވެ. މިނިވަންކަމާއެކު އެންމެންނަށްވަނީ ހަމަހަމަކޮށް ހުޅުވާލައްވާފައެވެ. އިޖްތިމާޢީ ޑިމޮކްރަސީއަކީ، މިއެވެ. ﷲ ވަޙީކުރެއްވި އަމުރުފުޅެއްގެ މާނައަށް ބައްލަވާށެވެ.

“އަދި ތަޤުވާވެރިވުމާއި ހެޔޮކަންތައް ކުރުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކާއެހީވެ، ވާގިވެރިވާށެވެ. ފާފަވެރިވުމާއި ޢަދާވަތްތެރި ވުމުގެމައްޗަށް އެކަކު އަނެކަކާ އެހީވެ، ވާގިވެރިނުވާށެވެ.” (މާއިދާސޫރަތް، 2 ބައްލަވާށެވެ.)

ފަހެ، ދަންނާށެވެ! ކޮންމެ އުންމަތެއްގެ ބައެއްނަމަވެސް އެމުޖްތަމަޢުގައިވާ، އެންމެމަތީ މީހާއިންފެށިގެން އެންމެދަށް މީހާއައި ހަމައަށްވެސް ހެޔޮކަންކަމަށް މަގު ދައްކައިދީ، ނުބައި ކަންކަމުން މަނާވެގަނެ، އެއްކިބާވުމަށް މަގުދައްކައިދިނުން ނޯންނަނީ ނަމަ، އިސްލާމް ދީނުގައިއެވާ އިސްލާމީ ޑިމޮކްރަސީ ވެރިކަމަކަށް ނުބެލެވޭނެއެވެ. ފަހެ، އިޖްތިމާޢީ ޑިމޮކްރަސީއަކީ، ހެޔޮމަގަށް ގޮވައި ތެދުމަގު ދައްކައިދިނުމެވެ. ﷲގެ ވަޙީބަސްފުޅުގެ މާނާގައިވަނީ، މިފަދައިންނެވެ.

“ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް، ހެޔޮކަމުގެމަގަށް ގޮވައި އުޅޭބަޔަކު، ތިޔަބައި މީހުންގެ ތެރެއިންވާހުށި ކަމެވެ. ދިންނަވާއި ނަޞީބުލިބޭނޭ ބަޔަކީ، އެބައި މީހުންނެވެ.” (އާލުޢިމްރާނު ސޫރަތުގެ، 10 ބައްލަވާށެވެ.)

އާދެ! އެއްވެސް ޙާލެއްގައި ރައްޔިތުންގެ މެދުގައި، މިސިފަތައް ނެތިއެއް އެންމެމާތް އުންމަތަކަށް ނުވެވޭނެއެވެ. އިޖްތިމަޢީގޮތުން އެންމެ ހަމަހަމަ މުޖްތަމަޢަކަށް ނުވެވޭނެއެވެ. ފަހެ، އެންމެ ހަމަހަމަ އެންމެމާތް އުންމަތަކީ، އިޖްތިމާޢީ ޑިމޮކްރަސީ ހަމަހަމަކަން މަތީގައި އެކުލެވިފައި އޮތްއުންމަތެވެ. އެސިފަތައް އެކުލެވިގެންވާ އިސްލާމީ އުންމަތެވެ. ފަހެ، އެއީ މުޙަންމަދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އުންމަތެވެ. މީސްތަކުންނަށް ފާޅުވީ އެންމެހަމަހަމަ ކަންބޮޑު، އެންމެހަމަހަމަ އުންމަތެވެ. ސަބަބަކީ، މާނަމިދަންނަވާ އާޔަތުގައި، ﷲ ސިފަކުރައްވާ ކަންތައްތައް މުޙަންމަދުގެފާނުގެ އުންމަތަށް ޙައްޤުވެގެންވާ ކަމެވެ. އެއީ ރަނގަޅުކަންތަކަށް އަމުރުކުރުމާއި ނުބައިކަންތައް ނަހީކުރުމާއި ﷲ އަށް އީމާންވުމެވެ. ފަހެ، ﷲގެ ވަޙީބަސްފުޅުގެ މާނާގައިވަނީ މިފަދައިންނެވެ.

“ތިޔަބައިމީހުންނީ، މީސްތަކުންނަށް ފާޅުވި އެންމެރަނގަޅު އުންމަތެވެ. ފަހެ، ތިޔަބައިމީހުން ރަނގަޅުކަންތަކަށް އަމުރުކޮށް، މުންކަރާތްތައް ނަހީކޮށް ﷲ އަށް، އީމާން ވަމުއެވެ.” (އާލުޢިމްރާނު ސޫރަތުގެ، 110 ބައްލަވާށެވެ.)

ފަހެ، އަދިވެސް އިޖްތިމާޢީ ޑިމޮކްރަސީގެ ލާމަސީލު ހަމަތަކަށް ބައްލަވާލައްވާށެވެ! އެއްވެސް ވައްތަރެއްގެ މުޤައްދަސް ޖިހާދެއް މުސްލިމުންގެ މައްޗަށް ވާޖިބުވެއްޖެނަމަ، ނަޞޭޙަތާއި ތަޒްކީރު، އެހެނީ؛ ހެޔޮކަންކަމަށް ނަޞޭޙަތްތެރިވުމާއި ދީނީހަމަތައް ހަދާންކޮށް ދިނުމުގެބުރަ މަސްއޫލިއްޔަތު، ދީން އުނގެނިވަޑައިގެން ތިއްބެވިހުރިހާ ބޭކަލުންގެ މައްޗަށް ހުރިހާވަޤުތެއްގައި ވެސް ވާޖިބުވާނެއެވެ. އެއީ ބޮޑުޒިންމާއެކެވެ. މުޖްތަމަޢަށްޓަކައި ހުޅުވިފައި އޮންނަ އިޖްތިމާޢީ ޑިމޮކްރަސީއެކެވެ. މުޖްތަމަޢު ރައްކާތެރި ކުރެއްވުމަށެވެ. ﷲގެ ވަޙީބަސްފުޅުގެ މާނާގައިވެއެވެ.

“އެންމެން އެކުގައި ހަނގުރާމައަށް ނިކުތުމެއް، މުއުމިނުންނަކަށް ނުވެއެވެ. ފަހެ، އެބައި މީހުންގެ (މުއުމިނުންގެ) ތެރެއިން ކޮންމެޖަމާޢަތަކުން ބަޔަކުމީހުން، ދީންއުނގެނި ވިސްނައި ގަތުމައްޓަކައި ނުކުންނާނެނަމަ، ހާދަހާރަނގަޅެވެ. (އެބަހީ؛ ދީނުގެ ޢިލްމާއި ޙުކުމްތައް އުނގެނި، ޢިލްމުވެރި ވުމައްޓަކައެވެ.) އެއީ އެމީހުން އެނބުރި ޤައުމަށް ރުޖޫޢަވެ ޤައުމުގެމީހުންނަށް ނަޞޭޙަތްތެރިވެ އިންޒާރުކުރުމުން، އެބައިމީހުން ބިރުވެތިވެ ރައްކައުތެރި ވޭތޯއެވެ.” (ތައުބާސޫރަތުގެ، 122 ބައްލަވާށެވެ.)

ފަހެ، ދަންނާށެވެ! ޤުރުއާންމަޖީދުގައި “ނަފަރު” ގެ ބަހުން، ތަޢުބީރު ކުރައްވާފައި އެވަނީ، އެބައިމީހުންނަކީ، ﷲގެ މަގުގައި ނަސޭހަތާއި ވަޢުޒާއި ހެޔޮމަގުދެއްކުމާއި ސުވަރުގޭގެ އުފާވެރި ޚަބަރުތައް މީސްތަކުންނަށް، ދިނުމާއި އެކިއެކިއިންޒާރުތަކުން މީސްތަކުން ސަލާމަތްވުމަށް ގޮވާލަމުންދާ ފުލުހުންނާއި ސިފައިންނަށް ވާތީއެވެ. ﷲގެ މަގުގައި ހަނގުރާމަ ކުރަމުންދާ ސިފައިންނަށް އެބައިމީހުން ނުވެއެއް ނުދާނެއެވެ. ޝައްކެއް ނެތެވެ. ވަސްވާހެއްނެތެވެ، މިއުންމަތުގެ ޢުލަމާއިންނަކީ، ނަސޭޙަތާއި ތަޒްކީރުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުފުޅުގައި އަޅުއްވައިގެން، ތިއްބެވި ޢިލްމުވެރި ބައެކެވެ. އެއީ އެބޭކަލުންގެ ކޮނޑުފުޅުގައި އެޅިފައިވާ ދީނީވާޖިބެއްކަން އަބަދުވެސް އިޙްސާސް ކުރެވެން ވާނެއެވެ. ހަދާނުގައި ބަހައްޓަން ވާނެއެވެ. ހުރިހާވަށްތަރެއްގެ ޢިލްމުއުނގެނުމުގެ ދޮރުވަނީ، އިސްލާމީ އުންމަތަށް ހުޅުވައިދެއްވާފައެވެ. ހުރިހާ ވަށްތަރެއްގެ ހުނަރުތަކާއި ޢިލްމު އުނގެނުމަކީ، ހުރިހާ މުސްލިމުންގެވެސް އެންމެއިސް ވާޖިބުކަމަށް ދެކެން ޖެހޭނެއެވެ. އެމަގު މިނިވަންކަމާއެކު، ހުޅުވިފައި އޮންނަން ޖެހޭނެއެވެ. ޞައްޙަޙަދީޘެއްގައި ވާރިދުވެފައި ވެއެވެ.

“ޢިލްމު އުނގެނުމަކީ، ކޮންމެ މުސްލިމު ފިރިހެނަކަށާއި އަންހެނެއްގެ މައްޗަށް ފަރުޟުކަމެކެވެ.”

ފަހެ، ތަޢުލީމު ވަކިބައެއްގެ މައްޗަށް މަޙްދޫދު ކުރުމަކީ، ދީނުންބޭރުވާ ކަމެކެވެ. އަދި މުޖްތަމަޢުގެ ހަމަހަމަކަން ގެއްލުވާލާ ކަމެކެވެ. އިޖްތިމަޢީ ޑިމޮކްރަސީ ނެތިކޮށްލާ ޢަމަލެކެވެ. ފަހެ، ދަންނާށެވެ! އިސްލާމްދީނުގައިވާ އިސްލާމީ ޑިމޮކްރަސީ ހަމަތަކުގައި، މިހުރިހާ ދޮރުތަކެއްވަނީ، ވަރަށް ތަނަވަސް ދާއިރާއެއްތެރޭގައި އެންމެންނަށް ވެސް ހުޅުވާލެވިފައެވެ. މިފާޑުގެ އިސްލާމީ ޑިމޮކްރަސީ ފިލާވަޅުތަކުން، ޢިބްރަތް ހޯދައިގަންނަންވީ، ހުރިހާ މުސްލިމުންނެވެ. މީގެކުރިންވެސް އަދި މިހާރުވެސް މިފަދަ ފިލާވަޅުތަކުން، މުސްލިމުންނޫން މީހުން ހޯދަމުންދާ ދަރުސްތައް މަދެއްނޫނެވެ. މާގިނައެވެ. މިކަންތައް އިޙްސާސްކޮށް ލެވޭނީ، އެކަމާ ވިސްނާލެއް ވުމުންނެވެ. އާދެ! ދެންއޮތީ، އަޅުގަނޑުގެ މިލިޔުމުގެ އެންމެފަހުބައި ކަމަށްވާ އިސްލާމް ދީނުގައިވާ އިސްލާމީ ޑިމޮކްރަސީގައި ހުންނަންވީ، އަޚްލާޤަކީ، ކޮބައިތޯ ބަލައިލުމެވެ.

ޑިމޮކްރަސީ އަޚްލާޤު :

މިބުނެވިދިޔަ އިސްލާމީ ޑިމޮކްރަސީއަށް އަޚްލާޤުގެ މާތްސިފަ ވެއްދުމުން، ކޮންމެއިންސާނަކަށް ވެސް އޭގައި ހުންނަންވީ، އެންމެފުރިހަމަ މާނައާއި ސިފަތައް، އިތުރުބަޔާނަކާ ނުލައި ސާފުވެގެން ދާނެއެވެ. މާތްއަޚްލާޤަކީ، ކޮންމެކަމެއްގައި ވެސް ހުންނަންޖެހޭ ލާޒިމު ސިފައެކެވެ. ފަހެ، ދަންނާށެވެ! އަޚްލާޤަކީ، އެންމެބާރުގަދަ ހަތިޔާރެވެ. އަޅުގަނޑު ދަންނަވާނީ، ނިއުކުލިޔަރ ހަތިޔާރަށް ވުރެވެސް އެއީ މާބާރުގަދަ އެއްޗެކެވެ. ލޭޒަރ ހަތިޔާރަށް ވުރެވެސް މާބާރުގަދަ އެއްޗެކެވެ. ތަންތަނާއި ވިސްނުންތައް އަދި ފިކުރާއި ޚިޔާލާތުތައް ފަތަޙަކޮށްލުމަށް އެންމެކުޅަދާނަކަން ލިބިފައިވަނީ، މާތްއަޚްލާޤަށެވެ. އަޚްލާޤުން މީހުންގެ ހިތްތައް ފަތަޙަކޮށްލައެވެ. ބޮޑެތި ޤައުމުތައް ފަތަޙަކޮށް ޙައްޤަށް ނަޞްރުލިބި ދެއެވެ. ދުނިޔެމަތީގައި ބޮޑެތި ކާމިޔާބުތައް ހޯދައެވެ. މިޒަމާނުގެ ފަނާކުރުވަނި ހަތިޔާރުތަކުން ދައްކަމުންގެންދާ ބިރަށްވުރެ އަޚްލާޤަކީ މާކާމިޔާބު ހަތިޔާރެކެވެ. ވަރުގަދަ ބާރެކެވެ. ގިނަބައެއްގެ ރުޙުމާއި ކުލުނު ހޯދައިގަނެއެވެ. ކާމިޔާބުކުރެއެވެ. ބިރުވެރި ބަޑިބޭހާއި އެކިވަރުވަރުގެ ވަޒަންތަކަށްވުރެ ކާމިޔާބު ހޯދުމުގައި އަޚްލާޤަކީ، އެތައްދަރަޖައެއް އުފުލިގެންވާ މާވަރުގަދަ ބާރެކެވެ. ފަހެ، މިބާރުނުލިބި މަރުވެގެންދަނީ، އަދި ނެތިކޮށްލެވެނީ، ޙަސަދައާއި އެކަކުއަނެކަކަށް، އިންސާނަކަށްވީތީ ކުރަންޖެހޭ ޤަދަރު ނުކުރެވޭތީއެވެ. މިއީ، އިންސާނުން ހިތާމަކުރުން ޙައްޤުކަމެކެވެ. ފަހެ، އިސްލާމްދީނުގައި އަޚްލާޤުގެ ދޮރުހުޅުވާލައްވާފައި އޮތީ، މުޅިއިންސާނިއްޔަތަށެވެ. ވަކިބަޔަކަށް މަޙްދޫދުކޮށެއް ނޫނެވެ. އެއްވެސް ކަހަލަ ހުރަހެއްނެތިއެވެ. އިންސާނީ މުޖްތަމަޢުތަކަށް ބަލައިގަނެ، ލިބިގަންނަން ވީއެވެ. އިސްލާމީ ޙަޟާރަތުގެ އެންމެމާތް އަދި އެންމެ ކަރާމާތްތެރި ސިފައަކީ އަޚްލާޤެވެ. އަޅުގަނޑު މިދަންނަވާ އިސްލާމީ ޑިމޮކްރަސީ އަޚްލާޤަކީ މިއެވެ. އިންސާނުން މިނިވަން ކަމާއެކު، މިބާރު އަސާސީބާރެއްގެ ގޮތުގައި ބަލައިގަނެ، ލިބިގަންނަންވީއެވެ. ފަހެ، ދަންނާށެވެ! މިބާރަކީ، އަސާސީޙައްޤެކެވެ. މިނިވަންކަމާއެކު އެންމެންނަށް އޮންނަންވާނެ ޙައްޤެކެވެ. އެހިނދު އިސްލާމީ ޑިމޮކްރަސީ އަޚްލާޤަކީ، މުޖްތަމަޢުގައި ހުންނަ އެކިއެކިފެންވަރުގެ ފަރަޤުތައް ކަނޑުވާލާއި އެއްއިންސާނަކު އަނެއް އިންސާނަކަށްވުރެ ބާރުގަދަވެގަންނަ ގޮތްގަނޑު ކަނޑުވާލަދޭ އެއްޗެއްކަން ކޮންމެ ބޭފުޅަކަށްވެސް ވިސްނިވަޑައި ގަންނަވާނެކަން ޔަޤީނެވެ.

ފަހެ، އިސްލާމްދީނު ބައެއް އަޚްލާޤުތަކަށް އަމުރުކުރައްވައި އަނެއްބައި އަޚްލާޤު ތަކުން މަނާކުރައްވައެވެ. އާދެ ދީނުގެ ކޮންމެ އަމުރަކާއި ނަހީއަކީ، ހުރިހާއި އިންސާނުންނަށް، މުޅިއިންސާނިއްޔަތަށް ކުރިމަތި ލާންޖެހޭނެ އެއްޗެކެވެ. ފަހެ، އިންސާނުންނަށް މިއަޚްލާޤުގައި ބާރަށް ހިފިއްޖެނަމަ، ޞައްޙަރަނގަޅު، ރީތިމުޖްތަމަޢެއް ޤާއިމުކުރެވުނީއެވެ. ނިކަމެތީންނާއި ވަރުގަދަމީހުންނާއި މުއްސަނދީންގެ މެދުގައި ލޯތްބާއި ކުލުނާއި ހަމަހަމަކަން ބެހެއްޓުނީއެވެ. އަދި މުޖްތަމަޢުގައި ފަޤީރުވެ ސަލާންޖަހަމުން ހިނގާއުޅޭނެ އެކަކުވެސް ނެތުނީއެވެ. އެންމެންނަކީ، ފުދުންތެރި، ރައްކާތެރި ކުރެވިފައިވާ މުޖްތަމަޢަކަށް ބަދަލުވީއެވެ. މުޖްތަމަޢުގެ ސަލާމަތްތެރިކަން ދެމެހެއްޓުނީއެވެ.

ފަހެ، ދަންނާށެވެ! އިސްލާމީ އަޚްލާޤު އެންމެ ކުރުގޮތަކަށް، ޚުލާޞާކޮށްލެވޭނީ، ދީނުގައި އޮންނަ ސަމާޙަތާއި މަޢާފުދިނުމާއި އެކަކު އަނެކަކަށް ދޫކުރުމާއި ސީދާއިދިކޮޅު ނުހެދުމުގެ މައްޗަށެވެ. އާދެ! ތިޔަބޭފުޅުންގެ ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވަނީނަމަ، މިސިފަތަކުން އުފެދޭބާރަށް އިސްލާމީ ޑިމޮކްރަސީ އަޚްލާޤޭ ބުނެވިދާނެއެވެ. އަދި އެގޮތަށް ވިދާޅުވެވި ދާނެއެވެ. އަދި ކިޔުއްވިދާ ނެއެވެ. ދީނުގައި އަމުރު ކުރައްވާފައިވާ ކޮންމެ ސިފައެއްގައިވެސް، ސަމާޙަތާއި މަޢާފު ދިނުމާއި ދޫކުރުމާއި ސީދާއިދިކޮޅު ނުހެދުން ހިމެނެއެވެ. ފަހެ، ދަންނާށެވެ! ކުޑަމީހާ ބޮޑުމީހާއަށް ރަޙުމްކުރުމާއި އޯގާތެރިވުމާއި ކުޑަމީހާ ބޮޑުމީހާއަށް، އިޙްތިރާމްކުރުން ހިމެނެއެވެ. އަޚްލާގުގެ މިބައިތައް ފުނޑުފުނޑުކޮށްލީ ގަސްދުގައި ހުޅަގުންނެވެ. މިނިވަންކަމާއި އެމީހުން އުފެއްދި ޑިމޮކްރަސީގެ ނަމުގައެވެ. މިއަދު އިސްލާމީ ޑިމޮކްރަސީއެއް ވުޖޫދަށް ގެނެސް އެވާހަކަތައް މިދަށްކަން ޖެހެނީ އެހެންވެގެންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ، އަޅުގަނޑުމެންގެ ތެރެއިން ކުޑަމީހާއަށް ރަޙުމްނުބަހައްޓާ މީހާއާއި، އަޅުގަނޑުމެންގެ ތެރެއިން ބޮޑެތިމީހުންގެ ޙައްޤުތައް ދަނެނުގަންނަ މީހަކީ، އަޅުގަނޑުމެންގެ ތެރެއިންވާ މީހެއްނޫން ކަމަށެވެ. އަދި ކިބުރުވެރިކަމާއި ބޮޑާކަމާއި ސަޅިކަމަކީ، ވަރަށްގޮތްކުޑަ މުޑުދާރު ސިފައެކެވެ. ޤުރުއާން މަޖީދުގައި ވާރިދުވެފައިވާ ވަޙީބަސްފުޅެއްގެ މާނާގައި އޮވެއެވެ.

“ހަމަކަށަވަރުން ކިބުރުވެރިވެ، ފަޚުރުވެރިވާ މީހުންދެކެ، ﷲ ރުހިވޮޑިގެން ނުވެއެވެ.” (ލުޤްމާނު ސޫރަތުގެ، 18 ބައްލަވާށެވެ.)

އާދެ! އެކަކު އަނެކަކާދެމެދު، ލޯތްބާއި ކުލުނުގެބާރު އުފައްދައިދެނީ، އިޚްލާޞްތެރި ހެޔޮބަސްތަކުގެ އަޚްލާޤުން ކަމާމެދު ޝައްކެތްނެތެވެ. ހެޔޮބަސް ބުނުމަކީ، ކޮންމެ އިންސާނެއްގެ މައްޗަށް ވާޖިބުކަމެކެވެ.

“މީސްތަކުންނަށް ތިޔަބައިމީހުން ރަނގަޅުލަފާ ބަސްބުނެ އިއްވާށެވެ.” (ބަޤަރާ ސޫރަތުގެ، 83 ބައްލަވާށެވެ.)

އަދި، އެކަކުވެސް އަނެކަކައި ފާޑުފާޑަށް ދިމާކުރުމަކީ، އޮވެގެންވާނެ ކަމަކަށް ހަދައިގެން ނުވާނެއެވެ. އަޚްލަޤަކީ އެއްވެސް ކަހަލަ ފުރައްސާރަ ކުރުމެއް ނެތުމެވެ. އެއްބަޔަކު އަނެއްބަޔަކަށް ޢައިބުކިޔުމެއް ނެތެވެ. ނުރުހޭކަހަލަ ވަނަމުން ނުގޮވުމެވެ.

“ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެފުރައްސާރަ ކުރިމީހުންނަށްވުރެ ފުރައްސާރަ ކުރެވުނުމީހުން (ﷲގެ ޙަޟްރަތުގައި) މާހެޔޮކަން ބޮޑު ބަޔަކުކަމުގައި ވެސް ވެދާނެއެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށް ވުރެ، ފުރައްސާރަ ކުރެވުނުމީހުން (ﷲގެ ޙަޟްރަތުގައި) މާހެޔޮކަންބޮޑު ބަޔަކުކަމުގައި ވެސް ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. (ޔަޢުނީ، އެއްބަޔަކު އަނެއްބަޔަކަށް ޢައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ.” (ޙުޖުރާތު ސޫރަތުގެ، 11 ބައްލަވާށެވެ.)

ފަހެ، ދަންނާށެވެ! ހަމައެފަދައިން، ކޮންމެ އިންސާނަކުވެސް އަނެކަކު ކުރިމަތީގައި ހުރެގެން ކަންތައްތައް ކުރާގޮތަށް، އޭނަނެތްތާނގައި ވެސް އޭނާގެ ޙައްޤުތައް އަދާކުރަން ޖެހޭނެއެވެ. އަޚްލާޤީބާރު ނެރެދައްކަން ޖެހޭނެއެވެ. ނެތްތާނގައި ޢައިބު ބުނެކިޔާއި ޣީބަބުނެގެން ނުވާނެއެވެ. ޚާއްސަކޮށް ވެރިންނާއި ބޯޑެތިމީހުންނަށް ނޭދެވޭ ބަސްތަކުން ގޮވައިގެން ނުވާނެއެވެ. ގޮޅާބޯއަށް  އަދި މިޒާތުގެ ނޭދެވޭ ނަންތަކުން ގޮވައިގެން ނުވާނެއެވެ. އެކަން ވެގެންދާނީ އިސްލާމުންގެ ރީތިއަޚްލާޤާއި އަޚްލާގުގެ ބާރުތައް ނެތިކޮށްލުމަށް ކުރެވޭމަސައްކަތަ ކަށެވެ. މިފަދަ ކަންތައް ޑިމޮކްރަސީއާއި މިނިވަންކަމުގެ ތެރެއަށް ވައްދައިދިނީ ހުޅަގުން ދީންހަލާކުކޮށް ލުމަށްކަން ހަދާންކުރަން ޖެހޭނެއެވެ.

“އޭ! އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ގިނަހީތަކައި ދުރުވެގަންނާށެވެ. ހަމަ ކަށަވަރުން ބައެއްހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކުއަނެކަކަށް ޖާސޫސު ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަނުބުނާށެވެ. ތިޔަބައި މީހުންގެތެރެއިން އެކަކުވެސް، އެނާގެ އަޚުގެމަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ތިޔަބައިމީހުން އެކަމަށް ނުރުހޭނެތެވެ. (ޔަޢުނީ: ޣީބަބުނުމަކީ، ހަމައެފަދަ ކަމެކެވެ.” (ޙުޖުރާތު ސޫރަތުގެ، 12 ބައްލަވާށެވެ.)

އަދިވެސް އަންގަވާފައި ވެއެވެ. އަޅުގަނޑުމެންނައި މީހަކުސަލާމް ކޮށްފިނަމަ، އެއަށްވުރެ ހެޔޮސަލާމަކުން ސަލާމްކުރާށެވެ. ނުވަތަ އެސަލާމަށް ޖަވާބުދޭށެވެ. މާތްއަޚްލާޤުގެ ބާރުފެށިގެން އަންނަހިސާބަކީ މިއެވެ. ވިސްނާއި ފިކުރުކުރައްވާށެވެ! އެއަށްފަހެ، ދަންނާށެވެ! މިއީ އަޚްލަޤީބާރުގެ ފެށުމެވެ. ހިނިތުންވުމާއެކު، ހަތަރުކަޅި ހަމަވުމަކީ، މިހާތަނަށް ދުނިޔޭގައި އުފެއްދިފައި ނެތްވަރުގެ ބާރެކެވެ. މާތްއަޚްލާޤަކީ، އިސްތިރާތީޖީ ހަތިޔާރުތަކާއި ނިއުކްލިޔަރ ހަތިޔާރަށްވުރެ ބާރުގަދަ އެއްޗެކެވެ. ލޭޒަރ ދޯދޮތަކަށްވުރެ ބާރުގަދަ ހަމަލޮލަށް ނުފެންނަ އެއްޗެކެވެ. ފަހެ، އަޚްލާޤީބާރު ބިޔަބާރަކަށްވެ، ބަދަހި ވެގެންގޮސް، ނަޞްރުހޯދާ ބާރަކަށް ވެގެންދަނީ ރޫޙާނީބާރަކާ އެކުގައެވެ. އިސްލާމީ ޑިމޮކްރަސީ އަޚްލާޤު، ވަރުގަދަ ގައުމީފޯހަކަށް، ލަޝްކަރަކަށް ބަދަލުވެގެންދަނީ މިފަދަރީތި އިސްލާމީ އަޚްލާޤާއި އަދަބުތަކުގެ ތެރެއިން ލާފައެވެ. ﷲގެ މަގުގައި ހަނގުރާމަކުރުމަށް ތައްޔާރަށް ތިއްބެވި ދިވެހި ސިފައިން މިކަން ދެނެގަތުން މުހިންމެވެ. ގިނަގިނައިން ސަލާމްކޮށް، ހިނިތުންވުމަކީ، ނޭގޭބާރެއް ފަހަތުގައި ފޮރުވިފައިވާ، އަޚްލަޤާއި ސުލޫކާ ގުޅިފައިވާރީތި، އާދައެކެވެ. ފަހެ، އިސްލާމްދީނުގައި ސަލާމްކުރުމުގެ އަދަބުގައިވަނީ މިފަދައިންނެވެ. އިސްލާމް ދީނަކީ ޝަމީލް ފުރިހަމަ ދީނެކެވެ. ޤުރުއާން މަޖީދުގައި މިކަމަށް އައިސްފައި ހުރިމިސާލުތަކަށް ބައްލަވާލައްވާށެވެ.

“އޭ! އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގޭގެފިޔަވައި އެހެން ގޭގެއަށް، އެގޭގެމީހުންގެ ހުއްދަލިބި، އެމީހުންނަށް ސަލާމްކޮށްފައިނޫނީ، ނުވަންނާށެވެ.” (ނޫރު ސޫރަތުގެ، 27 ބައްލަވާށޭވެ.)

ފަހެ، ދަންނާށެވެ! އިސްލާމީ ޑިމޮކްރަސީ އަޚްލާޤުގެ ވާހަކަދައްކަމުން ދާއިރު، މުޢާވިޔަތު ރަޟިޔަﷲ ޢަންހު، ވެރިކަމާ ޙަވާލުވެވަޑައިގެން ވިދާޅުވެފައިވާ ބަސްފުޅެއް މިތާގައި، ނުގެނެސް ދޫކޮށްލާހިތެއް އެއްގޮތަކަށްވެސް ނުވެއެވެ. ފަހެ، މުޢާވިޔަތު ވިދާޅުވަނީ، “ތިމަންނާ ކަނޑިއެއް ނުބާއްވާނަމޭ ދުއްރައިން އެކަނިފުދޭ ގޮތަކަށް، އަދި ތިމަންނާ ދުއްރައެއް ނުބާއްވާނަމޭ ދުލުންއެކަނި ފުދޭގޮތަކަށް، ތިމަންނައާއި ތިމަންނާގެ ރައްޔިތުން މެދުގައި އިސްތައްޓެއް ވިޔަސް، އެއްގޮތަކަށްވެސް ކަނޑައިގެން ދިޔަކަ ނުދޭނަމެވެ. އެއީކޮން ގޮތަކަށްތޯ އެބޭފުޅާއައި ސުވާލުދެންނެވުމުން ވިދާޅުވީ، އެއިސްތައްޓަށް ރައްޔިތުންގެ ފަރާތުން ވާންކަމެއް ލިބޭހިނދަކު، ތިމަންނާ ދުލެއްދޭނީއެވެ. ތިމަންނާގެ ފަރާތުން ވާންކަމެއް ލިބޭއިރަށް ރައްޔިތުން ދުލެއްދޭނީއެވެ.”

އާދެ! މިއީ ޢިބްރަތުން ފުރިގެންވާ ބަސްފުޅެކެވެ. ފިކުރުކޮށް ދެނެގަންނާށެވެ. ފަހެ، ހިތާމަކުރަންޖެހެނީ، ސައްތައިން ސައްތަ އިސްލާމުންގެ ތެރެއަށް މުސްތަޝްރިޤުން ވައްދަމުންގެންދާ ވިހަގަދަ އަސަރުތަކާއި ކުލަތަކުންނެވެ. ބައެއްކުލަތަކަކީ އޭގެޖާދުލުގައިޖެހި މުޅިއުންމަތް ހަމަނުޖެހުމެއްގެ ތެރެއަށް ގަންބާލާޒާތުގެ ވިހައެވެ. ދިވެހިރާއްޖޭގައި މިދުވަސްވަރު ހެދެމުންދާ ޤާނޫނުއަސާސީގެ ޑުރާފްޓަށް ބޭރުފުށުން، އިސްލާމީ އަސަރާއި ކުލަޖެއްސުމަށް އދ.ގެ އެހީގައި ފޮނުއްވެވި، ޕްރޮފެސަރ މުޙަންމަދު ހާޝިމް ކަމާލީގެ ފުރަތަމަވާހަކަ ފުޅުގައި ބޮޑުމަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާ މުޚާޠަބުކޮށް ވިދާޅުވި ވިދާޅުވުމުގައި، ޢުޘްމާނީ ޚިލާފަތާއި އުމަވީޚީލާފަތަކީ، ޚުދުމުޚްތާރު ރެޖީކުތަކެއް ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ބޮޑުމަޖިލީހުގެ މެންބަރުންނަށް އޭނާގެ ލަފާއެރުވުނެވެ. އަދި ޢަޤީދާއަކީ، ދުސްތޫރުން ޙިމާޔަތް ކުރަން ނުޖެހޭއެއްޗެއް ކަމަށް އަމިއްލަފުޅަށް ހެކިދައްކަވަމުން ޚިޔާލުދެއްވިއެވެ. އަދި ދައުލަތާއިދީން ވަކިވެފައި އޮތުމުގެ މައްޗަށްމޮޅެތި ޚިޔާލުދެއްވިއެވެ. އިސްލާމްދީނާ އެންމެގާތް ގުޅޭވަށްތަރެއްގެ ޒަމާނީ ޢިލްމާނިއްޔަތެއްގެ ޚިޔާލުދެއްވިއެވެ. މިއީ ކުރިއަރާފައިވާ މޮޑަން މިޒަމާނާގުޅޭ ސެކިއުލަރ ނިޒާމުގެ މުޅިން އާވައްތަރެއް ކަމުގައި އޭނާވިދާޅުވެ ދެއްވަމުން އެޚިޔާލުތައް މެންބަރުންނަށް ދެއްވިއެވެ. ޒުވާން އިއްޒަތްތެރި މެންބަރުންނަށް ވަރަށް ގަބޫލުކުރެވޭ ބީދައަކުންނެވެ. ފަހެ، މިއީ އެއްގޮތަކައްވެސް އަޅުގަނޑު ޤަބޫލުކުރާނެ ވާހަކަތަކެއް ނޫނެވެ. ބޮޑުމަޖިލީހުގެ ތަޅުމުގައި މިވާހަކަތަކަށް އަޅުގަނޑުވާނީ ފުރިހަމައަށް ރަށްދުގެޖަވާބުދީ، އޭނާ ތަޅުމަށް ނުވެއްދުމަށް ގޮވާލާފައެވެ. އަދި ތަލުމުން ބޭރުކުރުމަށް ވެސް ގޮވާލާފައެވެ. ކަމާލީއަކީ، އިސްމާޢީލް އަލްފާރޫޤީ ފައުންޑޭޝަނުން ދެފަހަރެއްގެ މަތީން ޚިދުމަތުގެ އާންމުއިނާމު ލިބިލައްވާފައިވާ ބޭފުޅެކެވެ. މި އިސްމާޢީލް އަލްފާރޫޤީ އަކީ، ފަލަސްޠީނަށް އުފަން، އަދި އެމެރިކާގެ ޓެންޕަލް ޔުނިވަރސިޓީގެ ދީނީޑިޕާޓުމެންޓުގެ ޕްރޮފެސަރަކަށް ހުއްޓާދެމީހަކު، އެކުވެގެން ވަޅިންޙަމަލާދީ އަނބިމީހާއާއި ދަރިފުޅާއެކު މަރާލެވިފައިވާ މީހެކެވެ. މިމީހުންނަކީ އާވަށްތަރަކަށް އިސްލާމްދީނު މިޒަމާނަށް ފައްތައި ފުލެކްސިބަލްކޮށް “އިސްލާމިއްޔަތު” ގެނަމުގައި އިސްލާމީޤައުމުތަކަށް ޒަމާނީ ސެކިއުލަރިޒަމް އިންޕޯޓުކޮށް، ހަދިޔާކުރުމަށް ގަދައަޅާ މަސައްކަތްކުރާ ބައެކެވެ. މިވިސްނުމުގައި އެބަޔަކަށް އެންމެކަމުދާގޮތަށް އެބައެއްގެ އިސްލާމް ދީނެއް ބޭއްވިދާނެއެވެ. ހަމައެގޮތަށް އެބަޔަކަށް އެންމެކަމުދާގޮތަކަށް ދީންސެކިއުލާރކޮށް ލެވިދާނެއެވެ. މިއީ ކުރިއަރަމުންދާ ޒަމާއެއްގޮތަށް ލިބަރަލް ޑިމޮކްރަސީހެން ބަދަލުކުރެވިދާނެ ދީނެކެވެ. ދީނަކީ ދިރިއުޅުމަށް ދަށްކަވާފައި މަގަކަށްވާތީ، އެއީ އިންސާނުން އެއިރަކަށް ބޭނުންވާގޮތަކަށް ބަދަލުކުރެވިދާނެ ފިކުރެއް ކަމުގައި ދެކެއެވެ. މިކަން ކުރަނީ އިސްލާމުންގެ ދުސްތޫރު ކަމުގައިވާ، ޤާނޫނުއަސާސީއަށް ލިބަރަލް ޑިމޮކްރަސީގެ ނަމުގައި މިކުލަވަރު ޖައްސައިދީ ގެންނެވެ. ފަހެ އެމެރުކާގައި މިފިކުރުގެ އިސްލާމުން ބައިވަރު އެބައްބެވެ. އޭގެތެރޭގައި އިސްލާމީބޮޑެތި އިމާމުން އެބަތިއްބެވެ. އެހެން އިސްލާމީ ގައުމުތަކަށް ދީނީދައުވަތު ދިނުމަށާއި ތަބްލީޣުކުރުމަށް އެމެރިކާގެ އިމާމުންއެބަ ދިތުރުކުރައްވާ ހައްދަވައެވެ. ފަހެ، މިއީ އިސްލާމުންގެ އަޚްލާޤީބާރު ނެތިކޮށްލައި ނިކަމެތި ކޮށްލުމަށް، ވަރަށް ރަނގަޅަށް ރޭވިގެން ކުރަމުންގެންދާ މަސައްކަތް ތަކެއްގެ ނަތީޖާއެވެ. އަޅުގަނޑުމެން ދިވެހިން ހޭއަރާ ތިއްބެވުން ވަރަށް މުހިންމެވެ. އަދި ދިވެހި މުސްލިމް ކިޔަވާ ކުދިންނަށް މިފަދަ ފިކްރީހަނގުރާމަތައް ހިންގަމުން ގެންދާގޮތްތައް ވަރަށް ރަނގަޅަށް އޮޅުންފިލުވާއި ސާފުކޮށްދޭން ޖެހޭނެއެވެ.

އާދެ! މިދަންނަވާލެވުނީ، އިސްލާމީ ޑިމޮކްރަސީ އަޚްލާޤުގައި ހުންނަންވީ މަތިވެރި ސިފަތަކެވެ. އަދި އިސްވެދިޔަ ހުރިހާސިފަތަކެއް ވެސް އެކުލެވިގެން، ޢަމަލީބަޔަށް އިސްލާމީ ޑިމޮކްރަސީ ކުލައެއް ޖެއްސިގެންނޫނީ، އިސްލާމްދީނުގައި އޮންނަ، ޙަޤީޤީއިސްލާމީ ޑިމޮކްރަސީއައި ހަމައަށް ވާޞިލެއް ނުވެވޭނެއެވެ. އަރާހަމައެއް ނުކުރެވޭނެއެވެ. ފަހެ، މިނޫންގޮތަކަށް އިސްލާމުންނަށް ޑިމޮކްރަސީއޭ މިކިޔާ ފަލްސަފާތެރޭގައި އިސްލާމްދީން ސާބިތުކަންމަތީގައި ދަމަހައްޓައިދީ ގެންގުޅެވޭކަށް ނޯންނާނެއެވެ. ޒަމާނީގޮތުން ކުރަމުންގެންދާ ޒަމާނިފިކްރީ ހަނގުރާމަތަކާ ކުރިމަތިލައި ދީނީގޮތުން ފުރިހަމަ ޢަޤީދާއެއްގައި އިސްލާމުންގެ ގޮތުގައިތިބެ ކާމިޔާބު ހޯދޭނީ، ލިބަރަލް ޑިމޮކްރަސީގެ ނަމުގައި މިކުރާފިކްރީ ހަނގުރާމަތަކާ ކުރިމަތިލާން ދަސްކޮށްގެންނެވެ. އިސްލާމުން އެއްގޮތަކަށްވެސް ޑިމޮކްރަސީ ފަލްސަފާއޭ ކިޔާފައި އިސްލާމީ ވަންތަކަން ދޫކޮށްލައިގެނެއް ނުވާނެއެވެ. މިޒަމާނުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ފަޟީލަތުއްޝައިޚް ޑޮކްޓަރ ޔޫސުފު އަލްޤަރަޟާވީ ވިދާޅުވެފައި ވެއެވެ. “އަޅުގަނޑުމެން ލިބަރަލް ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު ކަމާބެހޭމަޢުލޫމާތު ރަނގަޅަށް ލިބިތިބެގެން ވާހަކަދެއްކުން މުހިންމެވެ. މުސްލިމުންގެ ތެރެއިން ވަރަށް ގިނަބަޔަކު ބުނަނީ، ޑިމޮކްރަސީއަކީ މުންކަރާތެއް ނުވަތަ ކާފިރުވާފަދަ އެއްޗެއް ކަމުގައެވެ. އަދި އެއީ ދީނައި ފުށޫއަރާ އެއްޗެއް ކަމުގައެވެ. މިފަދަ މީހުންނަށް ޑިމޮކްރަސީގެ ޙަޤީޤަތް ނުއެނގެނީއެވެ. ޑިމޮކްރަސީއަކީ، އޭގެޒާތުގައި އިސްލާމްދީނައި ފުށުއަރާ އެއްޗެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. އެހެނީ، ޑިމޮކްރަސީ ވެސްބިނާވެފައި ވަނީ، މީސްތަކުންރުހޭ މީހަކު އެމީހެންގެ މައްޗަށް ވެރިކުރުމާއި، އެމީހުން ނުރުހޭ ވެރިޔަކު އެމީހުންގެ މައްޗަށް ވެރިކަންކުރިޔަ ނުދިނުމުގެ މައްޗަށެވެ. ކުޑައިމާމުކަން ޔަޢުނީ؛ ނަމާދުގައި އިމާމުކަން ކުރުމުގައި، މީސްތަކުން ނުރުހޭ އިމާމާގެ ނަމާދު އޭނާގެބޮލަށްވުރެ މައްޗަށް ނުއުފުއްލޭނެ ވާހަކަ، ޔަޢުނީ؛ އޭނާގެނަމާދު ޤަބޫލު ނުކުރެވޭނެ ވާހަކަ، އިސްލާމްދީނުގައި އައިސްފައިވާއިރު، ބޮޑުއިމާމުކަން، ޔަޢުނީ؛ ރައްޔިރުންގެ ވެރިކަން، މިކަމުގައި މާބޮޑަށް އަޅުގަނޑުމެން ބަލަން ޖެހެއެވެ.”

ފަހެ، ދަންނާށެވެ! ވެރިކަން ކުރެވޭނި ރައްޔިތުންރުހި ޤަބޫލުވާ އަޤީދާއެއްގެ އަހްލުވެރި މީހަކަށެވެ. އިސްލާމުން އަބަދުވެސް އިސްލާމުންގެ އަޤީދާއާއި އަޚްލާޤާއި އިޤްތިޞާދާއި އިޖްލިމާޢިއްޔަތު ދަމަހައްޓާއި ހިފާއްޓަން ޖެހޭނެއެވެ. އިސްލާމުން އަބަދުވެސް ތިބެންވާނީ، ފުރިހަމަ އިސްލާމުންގެ ގޮތުގައެވެ. ހުޅަގުން އުފަށްދާއި އުފަންކުރި ޑިމޮކްރަސީއާމެދު މިކުރެވުނީ އެކަށީގެންވާ ބަހުސެއްކަން އަޅުގަނޑު ޤަބޫލުކޮށް މިވަރުން މިބަހުސް، ނިންމާލާނަމެވެ. ﷲގެ ޙަޟުރަތުން ހެޔޮތައުފީޤަށް އެދެމުންނެވެ. ދިވެހި ކިޔަވާކުދިންނަށް ފައިދާތަކެއް ކުރާނެކަމުގެ އުންމީދުގައެވެ. ވަލްޙަމްދިލިއްލާހި!

2 thoughts on “އިސްލާމްދީނުގައި ޑިމޮކްރަސީ.

  1. Mohamed Shareef

    ވަރަށް ފުރިހަމަ، އަދި މަޢުލޫމާތުން ފުރިގެންވާ ދިރާސާއެއް. ވަރަށް ގިން މަޢުލޫމާތު ލިބިއްޖެ. މިފަދަ މަސައްކަތުގެ ފައިދާ ގިންބަޔަކަށް ލިބި، އެކަމުގެ ދަރުމައާއިސަވާތު ތިބާއަށް ލިބިގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރަށް. އަދި އެކަމަށް ދުޢާވެސް ކުރަން

    Reply

Leave a Reply

Your email address will not be published. Required fields are marked *