އަތޮޅުވެރިންގެ ބައްދަލުވުމުގެ ފަހަތް!

ނޯޓް:މިމަޒްމޫނަކީ، 2006 މެއި 22 ވަނަ ދުވަހު ނުކުތް އެސަންދާނުގެ 9 ވަނަ އަދަދުގައި ޝާއިޢުކޮށްފައިވާ އަޅުގަނޑުގެ މަޒްމޫނެކެވެ. އިލްޔާސް ހުސައިން އިބްރާހީމް.

އެންމެ ފަހުންބޭއްވުނު ގައުމީ ފެންވަރުގެ ބޮޑުޖަލްސާއަކީ، އަތޮޅުވެރިންގެ ބައްދަލުވުން، 11 މާލެ، 9-18 މެއި 2006 އެވެ. 1980 ވަނަ އަހަރުން ފެށިގެން، މިއީ ގައުމީފެންވަރުގައި މިނިސްޓަރީ އޮފް އެޓެލްސް ޑިވެލޮޕްމަންޓުން ބާއްވަމުން ގެންދާ، ސިލްސިލާ ބައްދަލުވުމެކެވެ. އަޅުގަނޑަކީ، އަތޮޅުވެރިންގެ ބައްދަލުވުން ތަކުގައި އަމަލީގޮތުންނާއި ޖިސްމާނީ ގޮތުންނާއި ހުރިހާގޮތަކުން ވެސް ބައިވެރިވުމުގެ ނަސީބުލިބިފައިވާ މީހަކީ މެވެ. ޚާއްސަކޮށް ލ.އަތޮޅުގެ ބައްދަލުވުމާއި ބ.އިތޮޅުގެ ބައްދަލުވުން ތަކުގައި އެއަތޮޅު ތަކުގައި މަހެއްހާ ދުވަސް ކުރިންގޮސް އުޅެއް ޖެހުނެވެ. ފަހެ، މިހުރިހާ ބައްދަލުވުމެއްގެ ތެރެއިން، އެންމެދެ ބައްދަލުވުމެއް ފިޔަވައި ދެންހުރި ހުރިހާބައްދަލުވުމެއް ރަސްމީކޮށް ހުޅުއްވައި ދެއްވީ، ރައީސް މައުމޫނު އަބްދުލް ގައްޔޫމެވެ.

އާދެ! 11 ވަނަ ބައްދަލުވުން ހުޅުވައި ދެއްވުމުގެ ރަސްމިއްޔާތުގައި އެޓޮލްސް މިނިސްޓްރީގެ ނައިބު އަލްފާޟިލާ ފާތިމަތު ޝީރީން ވާހަކަ ދައްކަވަމުން ވިދާޅުވީ، މިރަސްމިއްޔާތުގެ އެންމެ މުހިންމު ކަމަކީ، ހުރިހާއަތޮޅެއްގެ އަތޮޅުވެރިން ރައީސް މައުމޫނު އަބްދުލް ގައްޔޫމާއެކު ކުރައްވާ ބައްދަލު ކުރެއްމުން ކަމަށެވެ. ޝީރީނު މެންގެ ސިޔާސީ ފެންވަރު ހުންނަ މިންވަރުން، އެވިދާޅުވެވުނީ، ސައްތައިން ސައްތަ ތެދުފުޅެކެވެ. ވަރަށް ބޮޑު ހަގީގަތެކެވެ. ހަގީގަތުގައި ވެސް މިބައްދަލުވުން ތަކުގެ އެންމެމުހިންމު، އަދި އެންމެ ބޭނުންތެރި ކަމަކަށް ވެފައިއޮންނަނީ، އެއްވެސް ހުރަހެއްނެތި، ރައީސް މައުމޫނާ ހަތަރުކަޅި ހަމަކުރުމުގެ މަތިވެރި ދީދާރުފުޅެވެ. ފަހެ، މިއީ ހަމަލޮލަށް އެއްވެސް ހުރަހެއްނެތި، ﷲ ގެ ދީދާރުފުޅުވުން، ފަދަ ފެންވަރުގެ ކަމެއްގެގޮތުގައި ދެކެމުން ގެންދާ، އަތޮޅުވެރިން ބައިވަރު ތިއްބަވައެވެ. ރޫޙާނީގޮތުން ހިތްހަމަޖެހުން ތަކެއްލިބި މާއްދީގޮތުން ފައިދާތަކެއް ލިބޭކަމަކަށް ވެއެވެ. ފަހެ، މިދީދާރުވުމާއެކު، ކުރީގެ ހުރިހާފާފައެއް ފޮހެވި، މުޅިންއާވެއެވެ. ފުރަތަމަފަހަރު ކުރިފުޅުމަތީގައި ހުވާކުރެއްވި ދުވަހު، އިތުބާރު ލިބިފައި ހުންނެވިފަދަ، ތާހިރުއަޅަކަށް ވެގެންދާނެ ކަމުގެ ޔަގީންކަމާއި އުފަލުގައެވެ. މިވީހާތައްދުވަހު ރައްޔިތުންގެ ހައްގުތައް ނުލިބިގެން ރައްޔިތުންކުރިހާ ޝަކުވާތައް އެއްވެސް އެއްޗަކަށްނުވެ ފޮހެވި، ގެއްލިނެތިގެން ދާނެތީއެވެ. ހުރިހާކުށްތަކެއް ފޮހެވިސާފު ވާނެތީއެވެ. އެއުފަލުގައެވެ. ފަހެ، ހުވާކުރެއްވި ދުވަހެކޭ އެއްގޮތް ވެއްޖެކަމުގެ ޔަގީންކަން ލިބިގެން ނޫނީ، އަލުންއެނބުރި އަތޮޅަށް ވަޑައި ނުގަންނަވާނެއެވެ. މިއީ ފާޑެއްގެ ފާފަފުއްސެ ވުމެކެވެ. ކުރީޒަމާނުގައި މީސްތަކުން އޮބެހެއްޓުމަށް ފައްޅިތަކުގައި މިގަނޑުގަނެފައި ވެއެވެ. ފާދިރީކަލޭގެ އޭނާއަށް ތަބާވާ މީހުންގެ ފާފަތައް ފޮހެދެއްވަނީއެވެ.

ފަހެ، ދަންނާށެވެ! ސަލާމާއި ޞޮލަވާތްލެއްވި މޫސާގެފާނަށް، ﷲ ގެ ބަސްވަޙީކުރެއްވި ހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ! ހައްދަވާބޮޑު ކުރެއްވި ރަސްކަލާކޯއެވެ! ﷲ ގެ ރަސްކަންފުޅަށް ތިމަންއަޅާ ބަލާލުމައްޓަކައި ﷲ ގެ ޒާތުފުޅު ތިމަންއަޅާއަށް، ދައްކަވާފާނދޭވެ! ފަހެ، މޫސާ އަލައިހިއްސަލާމް މިހެން، އެދިވަޑައި ގަތުމުން، ﷲ ވަޙީކުރެއްވީ، ތިމަން ﷲ ގެ ޒާތުފުޅު ކަލޭގެފާނަށް ފެނިވަޑައެއް ނުގަންނާނެއެވެ. ވަރަށްސާފުކޮށް އެނގެންއޮތް ކަމެކެވެ. އަލްއަޢުރާފް ސޫރަތުގެ، 143 ވަނަ އާޔަތުން މިވާހަކަތައް ބައްލަވާލެއްވުން އެދެމެވެ. މިހާދިސާއަށް ފަހު، މޫސާ ގެފާނު ވިދާޅުވަނީ، ﷲ އަށް ތިމަންއަޅާ ތައުބާ ވެއްޖައީމެވެ. އީމާންވީ މުއުމިނުންގެ ތެރެއިން ފުރަތަމަމީހަކީ ތިމަންނާއެވެ! ކިހާރީތިތޯއެވެ!! މިހާދިސާއިން ދޭހަވާއެއްޗަކީ، އަމުރުތައް ނެރެހިންގާއި ތަންފީޒުކުރުމުގެ ޒިންމާ އުފުލުމުގައި ހުންނަމީހާ އިރުއިރުކޮޅާ، ވެރިމާހާ ދެކެންގޮސް ހަތަރުކަޅި ހަމަކޮށް ފައިންޕުޅުގައި ބޮސްދީހަދާކަށް ނުޖެހޭކަމެވެ. ޒިންމަދާރުވެ މަސްއޫލިއްޔަތު އުފުލުމަކީ، ކަމަކާހަވާލުވެ ހުވާކުރާ ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެފައިވާ ވާޖިބުކަމެކެވެ. ވެރިމީހާގެ ރުހުންހޯދުމާއި ގާތްވުމަށް އިތުރުކަންތައް ތަކެއްކުރާކަށް ނުޖެހެއެވެ. ކިހާސާފުތޯއެވެ. ފަހެ، ޝައްކެތްނެތެވެ. ނަމާދުކުރާށެވެ. އޭރުން ކާމިޔާބު ވާނެއެވެ. ދުނިޔެއާއި ސުވަރުގެ ލިބޭނެއެވެ. ﷲ އަށް ކުއްތަންވުމަށް ވަލީވެރިންތަކެއް ހޯދައިގެން އިތުރުކަންތައް ގަނޑެއް ހިންގާކަށް ނުޖެހެއެވެ. ފަހެ، ވެރިމީހާއަށް ވައިއެޅުވުމުގެ ހުރިހާކަމަކުން އެއްކިބާވެ ގަންނަން ޖެހޭނެއެވެ. ހުވާކޮއްގެން ތިއްބަވާ ޒިންމާދާރު ބޭފުޅުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އިޚްލާސްތެރިވާން ޖެހޭނެއެވެ. އެހެންނޫނީ އެވެވެނީ ފާފަވެރިއެވެ. ޚިޔާނާތްތެރިއެވެ.

އާދެ! އާންމުކޮށް އަތޮޅުވެރިންގެ ބައްދަލުވުންތައް ބޭއްވިފައިވަނީ، ރައްޔިތުންނާއި ރައީސުލް ޖުމްހޫރިއްޔާއާ ދެމެދުހިނގާ ބޮޑެތި ކަންތައްތަކާ ސީދާ ގުޅޭގޮތަށެވެ. ބޮޑުންނަށް މިކަންކުރުމަށް ސިކުނޑިއަށް ވަންނަނީ، ރިޔާސީ އިންތިޚާބުތައް ކައިރިވާން ފެށުމުންނެވެ. އޮނަރަބްލް ހަމީދާއި އޮނަރަބަލް އިލްޔާސާއި އޮނަރަބްލް ޑީނަށް ވެސް ވީހަމަމިގޮތެވެ. އާދެ! މިބައްދަލުވުންތަކާ ގުޅިގެން އަތޮޅުތައް ހިންގާވުޒާރާ އަށާއި އަތޮޅުތަކުގެ ދާއިރާތަކަށް މިހާތަނަށް އެއްވެސް އިދާރީބަދަލެއް އައިސްފައެއް ނެތެވެ. ރައްޔިތުންނަށް ވަކިޚާއްސަ ފައިދާތަކެއް ކޮށްފައެއް ނެތެވެ. އެފަހަރަކު އެކަން އެއޮންނަރަށެއްގެ ބައެއްމަގުފާރު ތަކުގައި ކުލަލާއި ރީތިކޮށްލެވެއެވެ. އަތޮޅުވެރިން ބައްދަލުވުން 9 އަދި 10 ނިމިގެން، ވޭތުވެދިޔަ ދުވަސްތަކުގައި ދެތިންފަހަރެއްގެ މަތިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިންމުނު ކަންތައްތައް ފަސްދޮޅަސް އިންސައްތައަށް ތަންފީޒުކުރެވިއްޖެ ކަމަށް އިއުލާނުކުރެވިފައި ވެއެވެ. މިއީހުސް ޕްރޮޕެގެންޑާއެވެ. މުޅިންދޮގެވެ. ރައްޔިތުންނަށް ކޮށްދެވުނު ބާބޮޑުކަމެއް ނެތެވެ. ފަހެ، އެއްވެސް ބަދަލެއް ނާންނަކަން އެންމެކުޑަ އަތޮޅަށް ބަލާލުމުން ވެސް ސާބިތުވާނެއެވެ. މާމޮޅުކަމެކޭ ކިޔާފައި ޔޫރަޕަށް ދައްކާލުމުގެ ގޮތުން، އަންހެނަކަށް ވެސް އަތޮޅުވެރިކަން އެރުވުނެވެ. ދިރާސާކުރި މީހުންގެ ދިރާސާތަކުން ދެއްކި ނަތީޖާއަކީ، އެއީހަމަ ސުމެއްގެ ކަމެއްގެ ގޮތުގައެވެ. ފަހެ މިހެންވީ، ދެއްކުމުގެ ގޮތުން އެމަގާމު އެރުވުނު ޝަޚްޞިއްޔަތެއްގެ ގޮތުންނެވެ. އަންހެން ކަތީބުންތަކުގެ ދައުރުވެސް މާކަހަރުދަނާއެއް ނުވިއެވެ. ރޮވުމާއި މޫނުކުނިކުރުން ގިނަކަމުގައި ފާހަގަ ކުރެވެއެވެ.

ފަހެ، ދަންނާށެވެ! މިބައްދަލުވުން ތަކުގެ ފަހަތުގައި ފަރުދާގެ އަނެއްފަރާތުން، އުފެދިގެންދާ އުފެއްދުންތަކާއި ރޫޅިގެންދާ ދިރިއުޅުން ތައްވެސް ބައިވަރުހުރެއެވެ. ބ.އަތޮޅު އޭދަފުށީގައި ބޭއްވުނު ބައްދަލުވުމުން އުފެދި، ގުޅިގެންދިޔަ އަނބިފިރި ގުޅުމަކީ، ނަސީބާއެކު ދެމިގެންދާ ހަރުދަނާ ގުޅުމެއްގެ ގޮތުގައި އަދިވެސް ފެނިފެނި އެބަހުއްޓެވެ. ރަނގަޅު ކަންތައް ފާހަގަކުރަންޖެހޭ އުސޫލުން މިކަން ފާހަގަކޮށްލަން ޖެހުނީއެވެ. ފަހެ، އެއީ އެބައްދަލުވުމުގެ އިބާރާތުން ދަންނަވާނަމަ، އުންމީދުތަކުން ފުރިފައިހުންނެވި، “ތަސް” އާއި “މެޑަމްވިސާމް” ގެ ވަރުގަދަ ކައިވެންޏެވެ. ތަސްގެ އުންމީދުތަކުގެ، ފަންސާސްއިން ސައްތަވަނީ، ވަރަށް އޮމާންކަމާއެކު، ކާމިޔާބު ކުރައްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމާއި ހޯމްމިނިސްޓަރު ކަމެވެ. މަރުހަބާ ދަންނަވަ މެވެ! ދެންއޮތްބަޔަށް ވާގޮތެއް އެނގިދާނެތާއެވެ!!

އާދެ! އެޓޮލްސް މިނިސްޓަރ އޮނަރަބްލް ވަހީދުއްދީންގެ ވާހަކަފުޅު އަޑުއަހަމުން ދިޔައިރު، އަޅުގަނޑުގެ ހިތަށް ވަންނަމުންއައީ އަލްމަރްހޫމް އިބްރާހީމް ޝިހާބުގެ، “ކަލްދޯބަޖޭއައު” ތަގުރީރު އަޑުއެހުމަށް އިސްލާމީ މަރްކަޒުގެ ޖަލްސާކުރާ މާލަމުގައި އިނދެ، އަޅުގަނޑަށް ކުރެވުނު އިހްސާސްތަކެވެ. ފެނުނު މަންޒަރުތަކަކީ ވެސް ދާދިއެއްގޮތް މަންޒަރުތަކެކެވެ. ރައީސް މައުމޫނު މޫނުފުޅުން މިމަންޒަރުތައް ކުރަހާލެވެއެވެ. އެކިފަހަރު އެކިމޫނެވެ. އެންމެފުރަތަމަ ހިނިތުންވާ މޫނެކެވެ. ދެން ހިނިފުޅުވަޑުވާ މޫނެވެ. ދެންފަހުން ނުރުހުމުގެ މޫނެވެ. ފަހެ، މިނިސްޓަރ ޑީނަށް، މަޑުމޮޅިވެގެން ގޮސް ދެއްކެވުނު، އިޚްލާސްތެރި ވާހަކަތަކުން ހަމަމާދަމާވެސް ބަޑޮސް އައިލެންޑް ރިސޯޓް އިންސާފުވެރި ގޮތަކަށް ބިޑަށް ލުމަށް ޓަކައި ދޫކޮށްލައްވަފާނެއޭ ވެސް ހިތަށް އަރައެވެ. މިމަންޒަރުން މިނިސްޓަރ ހަމީދަށް ކުރަމުންދާނެ އިހްސާސްތައް ހިތައްގެނެވި ސިފަކުރެވުނެވެ. އަތޮޅެއްގެ އަތޮޅުވެރިއެއް، މިނިސްޓަރ ޑީނާ ހަވާލުކޮށްފައި އޮތް، ވަރުގަދަ އަމާނާތެއް ރައިސް މައުމޫނަށާއި ރައްޔިތުންނަށް ރައްދުކޮށްދެއްވީ، ވަރަށް ސާބިތުކަމާއެކު އުފަލުންފުރިފައި ހުންނަވައި ގެންނެވެ. ހަމަހީވާ ކަހަލައެވެ. އިތުރުރަންބިސް އަޅާކުކުޅެއް ވެދުމެއްގެ ގޮތުގައި ލިބިގަތުމަށްއެދި ފޮރުވިފައިހުރި، އުންމީދުތައް ބޭރުވެ، އޮހެމުންދާ ކަހަލައެވެ!!

އާދެ! ހުރިހާރަށެއްގެ ވެރިންނާއި ހުރިހާމުވައްޒަފުން ވެސް ތިއްބެވީ، މަނިކުފާނުގެ ފަހަތްޕުޅުގައި މަނިކުފާނަށް އިތުބާރު ކުރައްވައިގެން ކަމުގެ ޔަގީންކަން މިއަރުވަނީ މިނިސްޓަރ ޑީނެވެ. މަނިކުފާނަކީ، މިހާތަނަށް ދިވެހިގައުމުގައި ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން އެންމެގިނައިން އަތޮޅުތެރެއަށް ޒިޔާރަތް ކުރެއްވުމުގެ ރިކޯޑްމުގުރާ ލައްވާފައިވާ ވެރިމީހާކަމުގައި ދަންނެވީ، އެމަތިވެރި ކަމުގެލަގަބު ރައީސް މައުމޫނަށް އަރުވަމުން ނެވެ. ފަހެ، މިކަންމިކުރެއްވީ، ވަރަށްއުންމީދީ، އުފާވެރިކަމެއްގެ ތެރޭގައި ޣަރަޤުވެހުންނަވައި ގެންކަން މިނިސްޓަރ ޑީންގެ ވާހަކަފުޅުން ފާހަގަކުރެވުނެވެ. ތަގުރީރުގެ ކުރީބައިގާ އެކުލެވިގެންދިޔަ، ﷲ އަށް ބިރުވެތިވުމާއި މަޑުމޮޅިކަން ވަނީ، މުޅިންހަދާނުން ކެހިގެންގޮސް ގެއްލިގޮސްފައެވެ. ކުރިމަތިން، ރަންބިސްއަޅާ އިތުރުކުކުޅެއް ފެންނަކަހަލައެވެ.

ފަހެ، ދަންނާށެވެ! އަތޮޅުވެރިންގެ ބައްދަލުވުންތަކަށް ބަލާއިރު މިބައްދަލުވުން ތަކުން ބޮޑަށް ހާސިލްކުރެވިފައި ހުރީ، ވެރިކަމުގެ ބާރާއި ވެރިމީހާގެ މަސްލަހަތެވެ. ރައްޔިތުންގެ މަސްލަހަތާއި ދޭދޭމިނިސްޓްރީ ތަކުގެ އިދާރީ ގުޅުންތައް ހަރުދަނާވުމުގެ ބަދަލުގައި އަތޮޅުވެރީންނަށް ހިތްވަރުލިބި އަޒުމް ވަރުގަދަ ވެގެންދަނީ، ވެރިކަމުގެ މަސްލަހަތު ދަމަހައްޓާއި ވެރިމީހާ ހިމާޔަތްކޮށް ދިނުމަށެވެ. ވެރިމީހާއާ އޮންނަޒާތީގުޅުން ދެމެހެއްޓުމެވެ. މިކަންތައް ހާސިލުކުރުމަށް ޓަކައި ގާނޫނާއި ގަވާއިދަކަށް ބަލާކަށް ނުޖެހެއެވެ. ސާބިތު ނުހިފޭގޮތަށް މިކަންތައް ކޮށްލަންކެރޭ އަތޮޅުވެރިޔަކީ، އަދި ކަތީބަކީ މެޑެލްޖަހާ މީހާއެވެ. ގިނަދުވަހު އެނުފޫޒާއި ބާރުގެ އުފަލުގައި ހުރެވޭމީހާގެ ގޮތުގައި ހަމަޖެހިގެން ދާތަން ފެނިފައިހުރިލެއް މަދެއްނޫނެވެ. ކެރެންޏާވޯޓުފޮށި މަތީގައި އަތްވެސް އަޅަންވީއެވެ. ވޯޓުލިޔަ ނުދޭން ބަނޑުއަޅައިގެން ވެސް ކެރެންޏާ އޮންނަންވީއެވެ. އަދި ރައްޔިތުން ވޯޓުލީފޮށި ކަނޑުފައްތާފައި ގުނާތަނުގައި އެހެންފޮއްޓެއް ބަހައްޓަން ވެސް ކެރެންވީއެވެ. ކަރުދާސް ތަކުގައި ފާހަގަޖަހާފައި ވޯޓުފޮއްޓަށް އަޅަންކެރޭވެރިޔަކު ހުރިއްޔާ އެކަންވެސް ކޮއްލަންވީއެވެ. މާކުރިން، ގާނޫނީގޮތުން އެޅޭނެފިޔަވަޅެއް ނޯންނާނެކަމުގެ ފުލްގެރެންޓީ ލިބިފައި އޮވެއެވެ. ނިކަމެތި ރައްޔިތާއަށް އަޅާލާއި އޯގާތެރިވުމަކީ، އެއްގޮތަކަށް ވެސް ނެތްކަމެކެވެ. ރަށްރަށުގައިތިބޭ ނިކަމެތީންނަށް ވާނެގޮތެއް ވާންވީއެވެ. އަސާސީ ހައްގުތައް ބީވެގެން ވީރާނާވެ ދާންވީއެވެ. ރަނގަޅު ހިޔާވަހިކަމެއް، ފޭރަމެއް، ސިއްޙަތެއް، ތައުލީމެއް ނެތިފައިތިބި، ކިތައް އާއިލާ ރަށްތަކުގައި އެބައުޅޭތޯއެވެ؟ މިކަން ދަންނަ އަތޮޅުވެރިޔަކު ނެތެވެ. މިހާލުގައި ތިއްބަވައިގެން، ރައީސް މައުމޫނަށް ކޮން އަމާނާތެއް ވެދުމަށް އަރުވާކައްތޯއެވެ؟ ފަހެ، ށ.އަތޮޅުގައި ގިނަޒަމާންތަކެއް ވާންދެން އަތޮޅުވެރިކަން ކުރެއްވި މިހާރު އެއަތޮޅުގެ ޚާއްސަމަޖިލީހުގެ މެންބަރު އަލްފާޟިލް މޫސާރަމީޒަކީ، (ކޮމަންޑޫ މޫސާފުޅަކީ) ދިރިހުރިރީތި މިސާލެކެވެ. މިހާރު އެޓޮލްސް މިނިސްޓްރީތެރޭގައި ވެސް އެންމެބާރުގަދަ އެކަކެވެ. ޑީއާރުޕީގެ އިސްބޭފުޅަކަށް ވާތީތޯއްޗެކެވެ. މިނިސްޓަރ ޑީނަށް މިފަދަކަންތައްތައް އިސްލާހުކުރެއް ވުމަށް އެޅެންހުރި ހުރިހާފިޔަވަޅެއް ވަގުތުން ވަގުތައް އެޅުއްވުމަށް އަޅުގަނޑު ހަރުއަޑުން ގޮވާލަމެވެ. މޮޅުބައިސާއަށް ވުރެ، ރައްޔިތުން ބޭނުންވަނީ، ސީދާއަމަލެވެ.

އާދެ! 11 ވަނަ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި އޮތްގަޑިއަށްވުރެ ބަރާބަރު، 8 މިނެޓުފަހުން ފެށުނުއިރު ރައީސް މައުމޫނުގެ ވާތްފަރާތުގައި ޖެހިގެންހުރި ގޮނޑިހުސްކޮށް ހުރެފައި ފުރަތަމަބަރީގައި ރައީސް މައުމޫނުގެ ކަނާތްފަޅިން ވެސް ގޮނޑިއެއް ހުސްކޮށް ހުއްޓެވެ. މިއީ ވަރުގަދަ ސިޔާސަތެއް އެކުލެވިގެންވާ، ވިސްނާލަންޖެހޭ މުހިންމު ކަމެކެވެ. މިހާރުގެ ސިޔާސީ މަސްރަޙާ ގުޅިފައިވާ ކަމެކެވެ. ރައީސް މައުމޫނު ޖަލްސާގެ މާލަމަށް ވަދެވަޑައި ގަތުމުގެ ކުޑަހިނދުކޮޅެއް ކުރިން، ކުރީބަރީގައި އިންނެވި، މިނިސްޓަރ ހަމްދޫންހަމީދު އަރިހަށް، އެޓޮލްސް މިނިސްޓްރީގެ ބޮޑެއްކަމުގައިވާ އަލްފާޟިލް އަބްދުލް އަޒީޒުއަބްދުﷲ ވަޑައިގެން ބަސްފުޅެއް ވިދާޅުވެ އެއްޗެއް އައްސަވާލެއްވި މަންޒަރު ނޯޓްކުރެވުނެވެ. ފަހެ، ޖަލްސާފެށި ދިހަވަރަކަށް މިނެޓްހިނގިފަހުން ރައީސް މައުމޫނަށް ފެނިވަޑައިގަތީ، ޖެހިގެންހުރި ގޮނޑިހުސްކޮށް ބެހެއްޓުމަށްވުރެ އެޖެސްޓްކޮށްލައި އެއްކޮޅަށް ހުސްގޮނޑި ޖައްސާލުން ބުއްދިވެރިކަމަށެވެ. ދެން ފަހެ، އަތްޕުޅުން އިޝާރާތްކުރައްވައި އޯލްޑް މޯލްޑިވްސްގެ ތެރެއިން ހިމެނި ވަޑައިގަންނަވާ، އޮނަރަބްލް ފަތުހުﷲ ޖަމީލާއި އޮނަރަބްލް އުމަރު ޒާހިރަށް ކައިރިޔަށް ޖެހިވަޑައި ގެންނެވުމަށް ދެންނެވުމުން އެކަންއެގޮތަށް ހަމަޖެހި ހިނގައްޖެއެވެ. ދެންއޭގެފަހުން ހުސްކޮށްހުރީ ފުރަތަމަބަރީގެ ދެކޮޅުގައި ހުސްކޮށްހުރި ދެގޮންޑި އެކަންޏެވެ. މިތަން މިހާރުވެސް ވީޑިޔޯއިންނާއި ފޮޓޯތަކުން ފެންނާނެއެވެ. ހޯއްދަވައިގެން ބައްލަވާށެވެ. ރައީސް މައުމޫނުގެ ވިސްނުންފުޅަކީ، މިކަންކުރެއްވުމުން، ހުރިހާކަމެއް ރައްޔިތުންނަށް މިއޮއްބާލެވުނީ ކަމަށެވެ. މިއީ އޯލްޑް މޯލްޑިވްސް ކަމުގެ ދަރަޖަދެއްވާއި ރައިސް މައުމޫނަށް ވުރެ، މުސްކުޅި ކުރައްވާފައި ހުންނެވި، ރައީސް މައުމޫނުގެ ކޮއްކޯފުޅު، އަބްދުﷲ ހަމީދާއި އަނެއް ކޮއްކޯފުލު، މިނިސްޓަރ ޔާމީން އަބްދުލް ގައްޔޫމަށް ބެހެއްޓުނު ދެގޮނޑީގެ ބަދަލުގައި ހުހަށްހުރި ދެގޮނޑިއެވެ. ފަހެ، މިޖަލްސާ ފެށުނުއިރު، މިދެގޮނޑި ހުހަށްހުރުމުގެ ސިޔާސީ ސިއްރުތަކެއް ވާނެކަން ކަށަވަރެވެ.

އާދެ! ވިސްނާލަން ޖެހެނީ، މިޖަލްސާ އޮތްދުވަހުގެ ކުރީރޭ ރިޔާސީ ގަނޑުވަރުގައި ކެބިނެޓުގެ ހުރިހާ މިނިސްޓަރުން ނާއެކު، ހަތަރުކަޅި ހަމަކޮށްލެއްވުމެއް ރައީސް މައުމޫނު ބޭއްވެވިއެވެ. ލޮލާއި ދުރުގައިވާ މީހަކީ، ހިތައި ދުރުގައިވާ މީހެއްކަމުގައި ރައީސް މައުމޫނުގެ ތަގްރީރުގައި އެވިދާޅުވީ، ކަނޑައެޅިގެން މިވާހަކައެވެ. ގިނަގިނައިން ފެނިދެނިވެ ބައްދަލުކޮށް ހަތަރުކަޅި ހަމަކޮށް ނޫޅެއްޏާ ރުޅިވެރިކަމާއި ހަސަދަވެރިކަން އިތުރުވެ ވަކިވަކިވެ ރޫޅިދާނެކަމުގެ ވާހަކަތައް ވިދާޅުވެ ދެއްވިއެވެ. ހަތަރުކަޅި ހަމަކޮށް، ސީދާސީދާ ވާހަކަތައް ދައްކާލީމާ ފައިދާކުރާނެ ކަމަށް ވިދާޅުވިއެވެ. ފަހެ، އަޅުގަނޑު އަޖައިބުވަނީ، އެކަކުވެސް މިކަންކަމާ ފިކުރުކޮށް ރައީސް މައުމޫނުގެ މިފަދަ ވާހަކަފުޅުތަކާއި އެއުޅުއްވާގޮތްތަކާ މެދު ނުވިސްނާތީއެވެ. ފަހެ، ރައިސް މައުމޫނު މިދުވަސް ކޮޅު ގެންގުޅުއްވާ ކިތަންމެކުޑަ އިޝާރާތަކީ ވެސް ސިޔާސީ ކަމަކަށް ނުވެއެއް ނުދާނެކަން ކަށަވަރެވެ.

ފަހެ، ދަންނާށެވެ! ސިޔާސީ މުދައްބިރުންގެ ނަޒަރުގައި ރިޔާސީ ގަނޑުވަރަށް ހުރިހާބޮޑުން އެއްކުރެއްވުމަކީ، ސިޔާސީ މަސްރަހު އޮތްގޮތުން ސްޓޭޖްމަތީގައި، އޭގެ އަނެއްދުވަހުގެ ޖަލްސާގައި ގިނަގޮނޑިތަކެއް ހުހަށްހުރެފައި ހާޒިރުވާނެ މިނިސްޓަރުންގެ އަދަދުމަދުވެދާނެތީ، ރައީސް މައުމޫނު ދުރާލާހެއްދެވި ފަންޑިތައެކެވެ. ފަހެ، އެވަރުންވެސް ހަމީދާއި ޔާމީނު، ދެކޮއްކޮއިން މާލޭގައި ތިއްބަވައި ޖަލްސާއަށް، ހާޒިރުވެވަޑައި ނުގެންނެވުމަކީ، ސިޔާސީ މުފައްކިރުންގެ ނަޒަރުގައި ކަންތައްތަކެއް ފޮރުވިފައިވާ މިންވަރުގެ ބޮޑުކަން ހާމަކޮށްދޭ ދަލީލެކެވެ. ހަމީދުގެ ގޮނޑިކޮޅު މިގޮތަށް ހުސްކޮށްހުރެ އަތޮޅުވެރީންގެ ބައްދަލުވުމެއް ފެށިނިމުމަކީ، ރައީސް މައުމޫނުގެ ސިޔާސީބާރު އިހުނާ އެއްގޮތަށް ނެތްކަމުގެ ދަލީލެކެވެ. ވަރުގަދަ ރަމްޒެކެވެ. ވެރިކަމުގެ ބާރުކެނޑި ރޫޅިފައި ވާމިންވަރުގެ އަލިގަދަ ހެއްކެކެވެ. ފަހެ، ސިފައިންނާއި ފުލުހުން އަދިވެސް ސަރުކާރު ދަމަހައްޓައިދޭން ތިބީތީ، ދެމިއޮންނަނީ ކަމަށް ބުނެވިދާނެއެވެ. މިނިސްޓަރ ޑީންގެ ލާމަރުކަޒީ ވިސްނުންފުޅާ، ހަމީދުކޭންޕުގެ ވިސްނުން ފުޅާ އެއްވެސް ކަހަލަ ގުޅުމެއްނެތީ ކަމަށް ބެލެވިދާނެއެވެ.

އާދެ! ރައީސް މައުމޫނަށް މިހާރުގެ، ހާލުގެދުރުމިން ފެނިވަޑައި ގަންނަވަނީ، ޒަމާންތަކެއް ވަންދެން އިތުބާރު ކުރެއްވި ތިމާގެ ބޭފުޅުންނަށް ވުރެ، ޒުވާން ޑޮކްޓަރުން ކޮޅަކާއި ޑީންމެންފަދަ، ހަރުކުލައިގެ ދެތިން ސައުދާގަރު ންނެވެ. އަޅުގަނޑުގެ ވިސްނުމަކީ، ރައީސް މައުމޫނުގެ މިވިސްނުންފުޅު، ފަހު ވަގުތުގައި ފެއިލްވާނެކަމެވެ. ފަނުފުލުން ދާނެކަމެވެ. ޒުވާނުން މާއަވަހަށް ވެރިކަމުގެ ގޮނޑިއަށް ސަވާރުވާހިތް ވާނެއެވެ. ސައުދާގަރުން ނަކީ، ވަރަށް އަވަސްއަވަހާ ކޮޅުބަދަލުކޮށް ލާނެބައެކެވެ. އެމީހުންބަލާނީ އަމިއްލަވިޔަފާރި އަށާއި އަމިއްލަ ފައިދާއަށެވެ. އާދެ! ފަހަރުގައި ރައީސް މައުމޫނަށް ހީފުޅުވެދާނެއެވެ. ހަމީދާއިޔާމީނު ކޭންޕުގައި މިހާރު މުސްތަގުބަލެއް ނެތީއެވެ. މުސްތަގުބަލު އޮތީ، ޒުވާނުންނާއި ސައުދާގަރުން އަތުގައިކަމަށް ފެނިވަޑައި ގަތީކަމަށް ވެދާނެއެވެ. އަދި ކިޔަވައިގެން ތިއްބެވި ޒުވާން ޑޮކްޓަރުންގެ ނިއު މޯލްޑިވްސް ބޭފުޅުންކޮޅާއި ޑީނާއި ޙިލްމީއާއި އައިޝާދީދީ މެން، ފަދަ ސައުދާގަރުން ކޮޅެއް އެކުވީމާ ސިޔާސީ މުސްތަގުބަލު އަތުޖެހުނީ ކަމަށް ހީފުޅުވެދާނެ އެވެ. ހަމީދުމެންގެ ކާމިނީކޭންޕާއި އިލްޔާސް މެންގެ އެންދެރި ކޭންޕުގައި ސިޔާސީ ކަންފުޅެއް ނެތީކަމަށް ދެކެވަޑައި ގެންނެވީބާވައެވެ! ފަހެ، ކޮންމެ ގޮތަކަށް ރައީސް މައުމޫނުގެ ވިސްނުންފުޅު ހުއްޓަސް މިހާރު ފެންނަމުން މިދާ ސިޔާސި އުދަރެހަކީ، ހަގީގީސިޔާސީ ލީޑަރެއް ފެނުމާއެކު، ވަރުގަދަ ބާރަކަށްވެގެން ހިނގައިދާނެ ކުލަވަރެކެވެ. މިފެންނަނީ އެކަމުގެ ވިއްސާރަ ދުންޏެކެވެ. އެކަމުގެ ދޯދިތައް ދިވެހި އުދަރެހުން ފާއްދާލާފައި ވާތަން އެބަފެނެއެވެ. ފަހަރުގައި ރައީސް މައުމޫނުގެ ވިސްނުންފުޅު ވެސް މިގޮތަށް ބަދަލު ކޮށްލެއްވުމަކީ، ތެދުމަގަށް ތަބާވުން ކަމުގައި ބެލެވިދާނެއެވެ. އެހެނަސް އަޅުގަނޑު ހިތުގެއަޑިން ގަބޫލުކުރަނީ، މުސްކުޅިން ފޭކުރައްވާފައި ޒުވާނުންގެ ރުހުން ލިބިގަންނަން ކުރައްވާ ސިޔާސީ ކުޅިގަނޑެއްގެ ގޮތުގައެވެ. ކޮންމެއަކަސް، 28 އަހަރުވީ ދިގުވެރިކަ މެއްގައި ފުރަތަމަ ފަހަރަށް ރައީސް ކަމުގެމަގާމުގައި މިހާ ގިނަދުވަހު ހުންނެވުމަށް ފަހު، ދުރަށް ޖެހިލާދުވަހަ ކުން، ނުވަތަ ވެރިކަން ދޫކޮށްފައި ދާދުވަހަކުން ތަރިކައަކަށް ވާން ބޭނުންވަނީ، ޒަމާނީ ޑިމޮކްރަސީ ނިޒާމެއް ކަމުގައި ވިދާޅުވި ފުރަތަމަ ފަހަރަކީ މިއެވެ. ސިޔާސީ މަސްރަހުން، ފެނިގެން މިދަނީ މުޅިން އާއުކުޅު ތަކެކެވެ. އަދި މިއަށްވުރެ ވެސް އިތުރަށް މިމަގުން ވިދާޅުވެދެއްވިއެވެ. މިހާގިނަދުވަހު މިމަގާމުގައި ހުރެފައިދާއިރު ގައުމަށް ހަދިޔާކުރި އެއްޗަކަށް ވާންޖެހޭނީ، ޒަމާނީ ޑިމޮކްރަސީ ކަމުގައި ވިދާޅުވިއެވެ. ފަހެ، މިއީ އިސްތިބްދާދި ވެރިންގެދިގު ވެރިކަން ނިމުމަކަށް އަންނާނެކަމުގެ ހުވަފެންތައް ފެންނާންފެށުމުގެ އަލާމާތެއްކަން ކަށަވަރެވެ. އަޅުގަނޑުގެ ލިޔުންތަކުގައި ބޮޑަށް ސިފަކުރެވިފައި ހުންނާނީ މިގޮތަށެވެ. ކޮންމެއަކަސް ދުރަށްދާނެ ވާހަކައާއި ދުރަށްދިއުމުގެ ވާހަކަ ވިދާޅުވާން އެނގިވަޑައިގަތީ، ވަރަށް މުބްހަމްކޮށެވެ. ސާފުނޫން ގޮތަކަށެވެ. އޮޅުންތަކެއް ހިމެނޭގޮތަށެވެ. އަމާޒެއްނެތި ވަރަށް ފަނޑުގޮތަކަށެވެ. އެއީ މިދުނިޔޭދޫކޮށް ކަމެއް، ނުވަތަ ވެރިކަންދޫކޮށް ކަމެއް، ނުވަތަ އެހެން ކޮންމެވެސް ޔުނިވަރ ސިޓީއެއްފަދަ ތަނެއްގެ ޗާންސްލަރުފަދަ ޝަރަފުވެރި ވަޒީފާއަކަށް ދަނީކަމެއް، އޮޅުމެއް ނުފިލައެވެ. ހީވަނީއޮޅުން ގަނޑެއްގެ ތެރެއަށް ރައްޔިތުން ވައްދާހެނެވެ. ހަމަގައިމު ވެސް ދޫކޮށްފާދާ ތަކެތި ތަރިކައަކަށް ވަނީ، މީހާމަރުވުމަށް ފަހުގައެވެ.

ފަހެ، ދަންނާށެވެ! ވީމާ ރައީސް މައުމޫނުގެ ޕްލޭނަކީ، މުޅިއުމުރަށް ވެރިކަމުގައި ބަގުޑިބައްދައިގެން ހުންނަވަން  އަޒުމްކަނޑަ އެޅުއްވީބާވައޭ ވެސް އަޅުގަނޑުގެ ހިތަށް، އެބަގަބޫލު ކުރެވެއެވެ. ނޫނީ ހަގީގަތުގައި ވެސް ވެރިކަމުން ދުރަށް ޖެހިވަޑައި ގަތުމަށް ވިސްނަވަނީ ބާވައެވެ. މިކަހަލަ ކަންތައް ރައްޔިތުންނަށް އޮޅުވާލާފައި ބޭއްވުމުގެ ބަދަލުގައި މީހާގެ ކުރިމަގު ބުނެދިނުމަކީ، އެންމެ ބުއްދިވެރި މާތްގޮތެވެ. ރީތިގޮތެވެ. އަމާނަތްތެރި ގޮތެވެ. އަދި އެންމެ އަމާންގޮތެވެ. ފަހެ، މިއީ އިތުރުތަފްސީލް ބޭނުންވާ ކަމެއްކަން ޔަގީނެވެ. ރައްޔިތުން ގޮތެއް ނިންމުމުގެ ކުރިން ހައްދަވާނެ ގޮތެއް އަމިއްލަފުޅަށް ވިދާވެދެއްވުން ބުއްދިވެރި ވާނެއެވެ. ފަހުން ކުރަންޖެހޭ ހިތާމަ އޭރުން ކުޑަވާނެއެވެ. އޭ! ﷲ އެވެ! އަޅަމެންގެ ވެރިންނަށް ހެޔޮމަގަށް ތައުފީގު ދެއްވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *