ނޯޓު: މިގެނެސްދެނީ، 2006 މާޗް 26 ވަނަ ދުވަހުއޮތް ބޮޑުމަޖިލީހުގެ، 75 ވަނަ ޖަލްސާގައި، އެމަޖިލީހުގެ ރައީސް އޮނަރަބްލް އައްބާސް އިބްރާހީމްގެ މައްޗަށް އިތުބާރުނެތް ކަމުގެ ވޯޓުނެގުމަށް ހުޅަހެޅުނު މައްސަލައާ ގުޅިގެން ބޭއްވުނު ބަހުސްގައި، އދ.އަތޮޅު މެންބަރު އިލްޔާސް ހުސައިން އިބްރާހީމް ދެއްކެވި ވާހަކަފުޅެވެ. މިވާހަކަތައް މިގޮތަށް އެސަންދާނުގެ، 50 (ފަންސާސް) ވަނަ އަދަދުގައިވަނީ، އަކުރުން އަކުރަށް ޝާއިޢުކޮށް ފައެވެ. އަޅުގަނޑުގެ ސައިޓްގައި މިވާހަކަކޮޅު މިގެނެސްދެނީ ކިޔުންތެރިންނަށް ބަލާލަން، އަދި ކިޔާލަން ފަސޭހައަށެވެ. މަޖިލީހުގެ ޔައުމިއްޔާގައި މިވާހަކަތައް ގެނެސްދީ ފައިހުރީ އެތައްބައެއް މަދުކޮށް، އޮޅުވާލައި އޮޅުންބޮޅުންކޮށް ގެންނެވެ. އެހެންވެ މިވާހަކަކޮޅު އަޅުގަނޑު ތައްޔާރުކޮށް ބޮޑު މަޖިލީހުގެ ތަޅުމުގައި ކިޔަމުން ގެންދިޔަގޮތް ސައްހައިބާރާތުން، ބަޔާންކޮށް ދިނުމުގެ ގޮތުން ގެނެސްދިނީއެވެ. ޝުކުރިއްޔާ!އިލްޔާސް ހުސައިން އިބްރާހީމް.
އާދެ! ޝުކުރިއްޔާ! އައްސަލާމް އަލައިކުމް ވަރަހްމަތު ﷲ ވަބަރަކާތުހު! މިއަދު މިހިނގަމުންދާ ޖަލްސާއާއި ކުރީދުވަހުގެ ޖަލްސާއަކީ، ދިވެހި ތާރީޚުގައި ވަރަށް ބޮޑަށް ފާހަގަކުރެވިގެންދާނެ ދެޖަލްސާއެވެ. އަދި ކުރިޔަށް އޮތްޖީލު ތަކުގެ ދިވެހި ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައިދެވޭނެ، އަދި އެކުދިންގެ އެކި ދިރާސާތަކަށް ހޯދަންޖެހޭނެ ވާހަކަތަކެއްކަން ކަށަވަރެވެ. އާދެ! އެހެންވުމުން މިއީ، ތާރީޚީޖަލްސާ ތަކެއްކަން ކަށަވަރެވެ. އެހެން ވުމާއެކުވެސް! ހަގީގަތުގައި އަޅުގަނޑުހުރީ، މާވަރުއަރުވާ ލެވިދާނެތީ މިބަހުސްގައި އަނގައިން ނުބުނަން ނިޔަތްގަނެގެންނެވެ. އަޅުގަނޑަށް އެނގިފައިއޮތީ، ރައީސްއޮފީހުގައި އުޅުއްވާ ރައީސުލް ޖުމްހޫރިއްޔާގެ ވަރަށް އިސް މަންދޫބަކު ފޮނުއްވައިގެން، ޑީއާރުޕީ ބޭފުޅުންނާ ވަނީ، ވާހަކަދައް ކަވާފަކަން. ރަނގަޅުމެދު މިންވަރެއްގެ ހައްލެއް ނެރެދެއްވަން ޖެހޭގޮތަށް، ނިންމަވާފަކަންއޮތީ. އަދި ޚުދު ރައީސުލް ޖުމްހޫރިއްޔާ، މިދިޔަ ޖަލްސާއޮތް ބުރާސްފަތި ދުވަހުގެ ކުރިން، ސްޓެލްކޯ އިމާރާތުގައި ވަނީ، މިއަދުގެ މައުޟޫއާ ބެހޭގޮތުން ވަކިބަޔަކާ ބައްދަލު ކުރައްވާއި ވާހަކަދައްކަވާ ގޮތެއްނިން މަވާފައެވެ. އަދި މިމަޖިލީހުގެ ނައިބުރައީސް އަލްއުސްތާޒު ޝާހީނުހަމީދު ވެސްވަނީ، އަޅުގަނޑުމެންނާ ރައީސް މައުމޫނު ވިދާޅުވެގެން، މިމައްސަލަ ހުށަހެޅި ހުރިހާ މެންބަރުންނާ ބައްދަލު ކުރައްވާފައެވެ. މިޖަލްސާ ވީހާކުރުކުރެވޭތޯ އާއި މެދު މިންވަރެއްގައި ހިފާއްޓައި ދިނުމަށް، ޝާހީނު އެދިވަޑައިގެން ވާހަކަދައްކަވާ ފައެވެ. އެހެންވެ ހަގީގަތުގައި ވެސް އަޅުގަނޑު ގަސްދުކޮށްގެންހުރީ، މިބަހުސްގައި ހައްޕުކިޔައިގެން މަޑުންއިން ނާށެވެ. އެއްގޮތަކަށް ވެސް ވާހަކަނުދައް ކަންށެވެ. އެހެނަސް ރައްޔިތުން އެތައްފަހަރަކު، ވޯޓުނުދީ ފެއިލް ކުރުމުން ވެސް، ރައީސުލް ޖުމްހޫރިއްޔާ މިމަޖިލީހަށް އައްޔަން ކުރައްވާފައި އިންނެވި މެންބަރަކު، (އަބްދުއްރަޝީދު ހުސައިން) އައްބާސް އިބްރާހީމުގެ މައްޗަށް އިތުބާރުއޮތް ކަމަށް ފެންނަ ސަބަބުތައް މިތަޅުމުގައި ވަރަށް ރީތިކޮށް ކިޔައިދެއްވައި ފިއެވެ. ވަރަށްރީތިކޮށް އެކަންކޮށް ނިންމަވައި ފިއެވެ. އެއްވެސް ކަހަލަ ހުރަހެއް ރިޔާސަތުން ނޭޅުއްވިއެވެ. އަޅުގަނޑު އިނީބަލަންށެވެ. އަޑުއަހަންށެވެ. އެހެންވުމުން އަޅުގަނޑަށްވެސް މަޖްބޫރުވެއްޖެ، އަޅުގަނޑުގެ ހިތުގައި އައްބާހަށް އިތުބާރުނެތްކަމުގެ ސަބަބުތައް ކޮންމެގޮތެއް ހަދާފަ ވެސް މިތަޅުމުގައި ކިޔައިދޭން. އަޅުގަނޑަކީވެސް ހައްގުތަކެއްއޮތް ހުވައެއް ކޮށްގެންހުރި މީހެކެވެ. ޑީއާރުޕީ މީހުންނަށް މިކަން ކުރެވެންޏާ އަޅުގަނޑަށް ވެސް ކުރެވޭނެއެވެ. އެމީހުންހެން އިރުއިރުކޮޅާ ރައީސް މައުމޫނާ ބައްދަލުވެ ވާހަކަނުދެކެވުނަސް އެހައްގު އޮންނަން ޖެހޭނެއެވެ.
އާދެ! މިއީ އެއްގޮތަކަށްވެސް އައްބާސް އިބްރާހީމްގެ ޒާތާބެހުމެއްނޫނެވެ. އަޅުގަނޑު މިކިޔައިދެނީ، އަޅުގަނޑު އައްބާހަށް އިތުބާރު ނުކުރާގޮތްތަކެވެ. އަދި އިތުބާރު ނުކުރާ ސަބަބުތަކެވެ. އެހެންވެ ވެރިކަމުގެ ނުފޫޒާއިބާރު ފޯރުވާފައިވާ، ރިޔާސަތަށް އަޅުގަނޑު އާދޭސްކޮށް ދަންނަވަން! އަޅުގަނޑުގެ މިވާހަކަކޮޅަށް ހުރަސްނާޅުއްވައި ކުރިޔަށް ގެންދެވޭނެ ގޮތަށް ބާއްވައިދިނުން އެދެން! ރިޔާސަތުން ހުރަސްނާޅުއްވަންޏާ ނިމޭލެއް ވަރަށް އަވަސްވާނެއެވެ. އަދި ހުއްޓުމެއްނެތި ކުރިޔަށްގޮސް އިސާހިތަކު ނިމިގެން ހިނގައިދާނެއެވެ. އަޑުއައްސަވާ ލެއްވީމާ ނިމުނީނޫންތޯ؟ ޔައުމިއްޔާގައި ލުޔެވިފައި އޮންނަނީނޫންތޯ؟
އާދެ! ހަގީގަތް އަބަދުވެސް ހިތިވާނެއެވެ. އެކަމަކު އަޑުއަހާހިތްވާނެ މީހުންބައިވަރު ތިބޭނެއެވެ. މިއާދޭހާއެކު، ކުރިޔަށް ދެވޭނެ ކަމުގެ އުންމީދުގައި ފަށައިގަންނަމެވެ. އަޅުގަނޑަށް ހުރަސް ނާޅުއްވާތި! އިންޒާރު ނުދެއްވާތި! ނުބައިންދާތި! އޭގެހިތި އަސަރު މަނިކުފާނަށް ފެނިގެންދާނެ ދުވަހެއް އަންނާނެކަން ކަށަވަރެވެ. އަޅުގަނޑަށް ހުރަސްއަޅާ ބޭންދުމުން މަނިކުފާނަށް (ޝާހީންހަމީދަށް) ކުރާނެ ފައިދާއެއް އޮންނާނެކަމަކަށް އަޅުގަނޑު ނުދެކެމެވެ.
އާދެ! ރައީސް އޮފީހުގެ ވަޒީރެއްކަމުގައިވާ، މ.އަތޮޅުގެ އިއްޒަތްތެރި މެންބަރު އަނީސާ އަހްމަދު، އެކަމަނާ ވެސް، އައްބާހަށް ހަމްދަރުދީވެ، އެކަމަނާ އައްބާހަށް އިތުބާރުކުރައްވާ ސަބަބުތައް މިތަޅުމުގައި އެއްވެސް ހިރަހެއްނެތި ކިޔައިދެއްވައިފިއެވެ. އާދެ! އެކަންކުރައްވަން އެކަމަނާއަށް އެތައް ހައިސިއްޔަތަކުން ވަރަށް ފަސޭހަވާނެއެވެ. އެކަމަނާގެ މައްޗަށް ހެޓިލަރު ކަހަލަ، ސިފައިންގެ ހަރުކަށި ވެރިއެއްގެ ޖައްބާރު އަނިޔާތައް އޮހެމުން ދިޔަދުވަސްވަރު، ހިތުގެތަސައްލީ ދެއްވަން ރޭގަނޑާއި ދުވާލުގެ ވަގުތުތައް ހޭދަކުރެއްވި އެއް އެކުވެރިއަކީ، އައްބާހެވެ. އަޅުގަނޑު ދެކެން ކާރުކޮޅުގޮސް އުނިމާގޭ ދޮރާށިދޮށުގައި އެތައްގަޑި އިރެއްވަންދެން މަޑުކޮށްފައި އޮންނަތަން! މިއީތެދު ހަގީގަތެވެ. އެހެންވެ، އަޅުގަނޑު އައްބާހަށް އިތުބާރު ކުރާކަށްނެތިން! ނުވެސް ކުރާނަން!
އާދެ! ޤަރުނުގެ ޝަޚްޞިއްޔަތު ހޮވާ ބީދައިން، މިޤަރުނުގެ އެންމެނުބައި ނުލަފާމީހާ މިރާއްޖެއިން ހޮވާނަމަ، ވަރަށް ފުރިހަމަ އަޣްލަބިއްޔަތަކުން އައްބާސް އިބްރާހީމަކީ، އެމީހާކަމުގައި ހޮވިގެންދާނެ ކަމާމެދު، އަޅުގަނޑު އެއްވެސް ޝައްކެތްނުކުރަން. އެއީ މިހާރުވެސް ދިވެހި ރައްޔިތުން އައްބާހަށް އަރުވާފައިވާ ލަގަބެއް! އެއްގޮތަކަށް ވެސް އާކަމެއްނޫން! އާވާހަކައެއްނޫން! މިރާއްޖޭގައި ފަހަކަށް އައިސް ހިންގާފައިވާ ހުރިހާ ނުލަފާކަމެއްގެ އެންމެއަޑީގައި ފޮރުވިގެން ހުންނެވީ، މިމަޖިލީހުގެ ރައީސްކަމަށް ސަރުކާރުގެ ވަކިބައެއްގެ ނުފޫޒާއިބާރުން ހޮވާފައިވާ އައްބާހެވެ. އެހެންވެ އަޅުގަނޑު އައްބާހަށް އިތުބާރު ކުރާކަށް ނެތިން! ނުވެސްކުރާނަން!
އާދެ! ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުންޏެއް ހިންގަން ހަވާލުވެގެން ހުންނަވާފައި އެތަނުން ބަދަލުކުރެއްވި ވަގުތު، އެކުންފުންޏާ އަލަށް ހަވާލުވި ފަރާތުން ވިދާޅުވެފައިވޭ. މިކުންފުނި މިހާރުވަނީ، ވަރަށް ދަށަށްގޮސް ވީރާނާވާން ކާރިވެފައޭ! މިވާހަކަތައް ވަރަށް ރީއްޗަށް ރައީސުލް ޖުމްހޫރިއްޔާގެ އިއްޒަތްތެރި މެންބަރު ބަންދު އިބްރާހީމް ސަލީމު، އެމްޓީސީސީއާ ހަވާލު ވެލެއްވުމަށް ފަހު، ކިޔާދެއްވަމުން ގެންދެވިއަޑު، އަޅުގަނޑުގެ ކަންފަތުން އެހީމެވެ. އެހެންވެ އަޅުގަނޑު އައްބާހަށް އިތުބާރުކުރާކަށް ނެތިން! ނުވެސް ކުރާނަން!
އާދެ! މިމަޖިލީހުގެ ރައީސް އައްބާސް އިބްރާހީމްވަނީ، ދިވެހިރާއްޖޭގެ ދެވަނަ ރައީސުލް ޖުމްހޫރިއްޔާ ސުމުއްވުލް އަމީރު އިބްރާހީމް ނާސިރުގެ ދަރުބާރުގައި ވަރަށް އަރިސް މުއައްޒިފެއްގެ ގޮތުގައި ހުންނަވައި ގެން ނާސިރަށް ޚިޔާނަތްތެރި ވެލައްވާފައެވެ. މިމަޖިލީހުގެ ރައީސް ކަމަށް، މިހާރުގެ ސަރުކާރުގެ ނުފޫޒާއިގަދަބާރު ފޯރުވައިގެން، ހޮއްވަވާފައި މިހުންނެވި އައްބާހަކީ، ރައީސް ނާސިރު އިރުގައި އޭނާގެ ޚާދިމަކަށް ހުންނަވައިގެން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން، ރައީސް ނާސިރަށް ބޭވަފާތެރިވެފައިވާ މީހެކެވެ. 1967 އަދި 1972 ހިސާބުގައި ދެފަހަރެއްގެ މަތިން، ވެރިމީހާކައިރީގައި އަރިސްކޮށްއުޅެމުން، ވެރިމީހާއާ ތޮޅެބަޣާވާތްކޮށް ފައިވާމީހެކެވެ. މިކަމުގެފުރިހަމަ އުޤޫބާތްލިބިފައި ވާމީހެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ރައިސް ނާސިރު، ކުޑަގޮޅި ތަޢާރަފްކުރެއްވީ، އައްބާހުގެ ދެކޮޅުވެރިކަމާ ހެދިއެވެ. އައްބާހާއި އައްބާހުގެ ގްރޫޕްމީހުންތައް ބަންދުކުރަން ވެގެންނެވެ. މިއީތެދު ހަގީގަތްކަން ދަންނާނެ މީހުންތިބޭނެކަން ކަށަވަރެވެ. އަތިރީމާފަންނުގޭ ފާޚާނާފާރުތަކުގައި ރައީސް ނާސިރާދެކޮޅަށް އެކިޒާތްޒާތުގެ ހަޑިހުތުރު ބަސްތައް ލިޔެ ހައްދަވާފައި ވެއެވެ. އަދި މިވަރުންނުފުދިގެން ރައީސް ނާސިރު އަރިހުގައި ހުންނަވައިގެން ރައީސް ނާސިރުގެ ކަރަށްފިތާލަން މަސައްކަތް ކުރެއްވިއެވެ. މިފަދަ މީހަކަށް ޚާއްސަމަޖިލީހުގެ ގަވާއިދާ އެއްގޮތަށް ޖަލްސާތައް ދަމަހައްޓައި ދެވޭނެކަމަށް، އަޅުގަނޑު ގަބޫލެއްނުކުރަމެވެ. ނުވެސްކުރާނަމެވެ. އަދި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމުގެ އަރިހުގައި، ތިމާގެބޭފުޅެއްގެ ހައިސިއްޔަތުން، މަދަދުގާރެއްގެ ގޮތުގައި ހުންނަވައިގެން ރައީސް މައުމޫނަށް ވެސްވަނީ، ޚިޔާނަތްތެރި ވެފައެވެ. އެންމެ ޒުވާން އިރުއްސުރެ، އައްބާސްގައިގާ އަށަގެންފައިވާ، މަސައްކަތް ކަމުގައިވާ ރައްޔިތުންނާއި ވެރިން ޖެއްސުމުގެ ފިތުނަވެރި މަސައްކަތް ކުރިޔަށް ގެންދިއުމުގެ ގޮތުން، ރައީސް މައުމޫނު ވެރިކަމާ ހަވާލުވެ ވަޑައިގެން، އެންމެފުރަތަމަ އައްޑުއަތޮޅަށް ކުރެއްވި ދަތުރާދިމާކޮށް، އައްޑޫގެ ބައެއްމީހުން ލައްވާ، ބައެއްމަގު ތަކުގަޔާއި ރުއްތަކުގައި ރައީސް މައުމޫނާ ދިމާއަށް ހަޑިހުތުރުއެއްޗެހި ގޮވާފައިވާ ލިޔުންތައް އަޑީގައި އެދުވެ ހުންނަވައިގެން ލިޔުއްވާ ހެއްދިއެވެ. މިއީ ރައީސް މައުމޫނު އަރިހުގައި އިސްކޮށް ހުންނަވައިގެން، ރައީސް މައުމޫނާދެކޮޅަށް އައްޑޫމީހުންނާއި ރައީސް މައުމޫނު ޖެއްސުވުމުގެ ގޮތުންހިންގި ނުލަފާކަމެކެވެ. މިކަހަލަ އެތައްކަމެއް އައްބާސް ކުރައްވާފައި އެބަހުއްޓެވެ. 1980 ގެ އަހަރުތަކާ، 1990 ގެ އަހަރުތަކުގާ މީގެއެތައްކަމެއް ތިލަވެ، ފެންމަތިވެފައި އެބަހުއްޓެވެ. އެހެންވެ އަޅުގަނޑު އައްބާހަށް އިތުބާރު ކުރާކަށް ނެތިން! ނުވެސްކުރާނަން! މިއީ އަޅުގަނޑުގެ އަމިއްލަނިންމުމެވެ. އަޅުގަނޑު ހުންނާނީ މިއަޒުމުގެ މަތީގައެވެ.
ފަހެ، ހަގީގަތުގައި ވެރިކަމުގައި ތިބެގެން ވެރިކަމާތޮޅޭ މީހުންނަކީ، ސީދާ ގައްދާރުންނެވެ. އިސްތިއުމާރުގެ އުނގަށް ދިވެހިރާއްޖެ ވެއްޓުނު ކޮންމެފަހަރަކު ވެއްޓިފައިވަނީ، ވެރިކަމުގައިތިބެ، ވެރިކަމާތޮޅެ ހަދާ ގައްދާރުންގެ ސަބަބުންނެވެ. އައްބާސް އިބްރާހީމަކީ، މިގޮތަށް ދެރައީސުންނަށް ޚިޔާނަތްތެރިވެ، ގައްދާރު ވެފައިވާ މީހެކެވެ. ރައީސް ނާސިރަށް ގައްދާރުވިއެވެ. ރައީސް މައުމޫނަށް ގައްދާރުވިއެވެ. އާދެ! ސީދާ ރައީސް މައުމޫނު، އަޅުގަނޑާވަކިން ބައްދަލުވި ފަހަރެއްގައި ސިޔާސީ ވާހަކަފުޅު ދައްކަވަމުން، އަޅުގަނޑު ގާތުގައި ވިދާޅުވިއެވެ. “ދުވަހަކުވެސް ތިމަންނާގެ ހިތަށް ނާރައޭ! އައްބާހާއި އިލްޔާސް ތިމަންނައަށް ޚިޔާނާތްތެރި ވާނެޔޭ!”
ފަހެ، އައްބާހަކީ، ސަރުކާރާއިދިކޮޅު މީހެއްގެ ގޮތުގައިފާޅުވެ އުޅުއްވާ ބޭފުޅެއް ނޫނެވެ. އަބަދުވެސް ސަރުކާރުގެ މަތިފަޑީގައި ހުރެގެން، ވެރިމީހާއަށް ޚިޔާނާތްތެރިވާ ފާޑުގެ މީހެކެވެ. ސަރުކާރާ އިދިކޮޅު ލީޑަރުންނަކީ، އެއްވެސް ހާލެއްގައި ގައްދާރުންނެއް ނޫނެވެ. ޚިޔާނާތްތެރިންނެއް ނޫނެވެ. ފަހެ، އިދިކޮޅު ލީޑަރުންނަކީ، ގައުމުގެ އިސްލާހަށް އެދި، ގައުމުގެ ކުރިމަގަށް، އަޑުއުފުލާއި ގޮވާލަމުން ގެންދާ މީހުންނެވެ. ވެރިމީހާކައިރީހުރެ، ވެރިމީހާގެ ކަރުގައިހިފާ މީހުންނެއްނޫނެވެ. މިއިންނެވި އައްބާސް އިބްރާހީމަކީ، އަމިއްލަކޮއްކޮއަށް ވެރިކަން ހޯދައިދިނުމަށް ރައީސް މައުމޫނު އަރިހުގައި ވަރަށް އިސްކޮށް ހުންނަވައިގެން ރައީސް މައުމޫނާ ދެކޮޅަށް ވަރުގަދަ އަނިޔާވެރި، ރޭވުންތަކެއް ސިއްރިއްޔާތުގައި ރާވައިގެން ހިންގި އިސްމީހާ ކަން، ދިވެހިރައްޔިތުން ދަންނާނެއެވެ. ދިވެހިތާރީޚު ހެކިވާނެއެވެ. “ބިންބިފޯސް” އޭކިޔުނު، ބައިގަނޑެއް ލައްވާ ސިޔާސީ ލީޑަރުންނަށް، އެތައް ދުއްތުރާތަކެއް ފޯރުވާފައި ވެއެވެ. ކާށިދޫ ހުސައިން އިބްރާހީމް ފުޅޭކިޔުނު، ސިފައިންގެ މަތީފެންވަރުގެ އޮފިސަރެއް ލައްވާ އެދުވަސްވަރު، މާފަންނު ޖަވާހިރުވާދީގެ ފުރާޅުމައްޗަށް، އުނިމާގެ ތެރެއިންލާފައި ރޭގަނޑު އަރުވައިގެން ޖާސޫސު ކުރުވަން އުޅެނިކޮށް ފަޅާއަރާފައި އެބަހުއްޓެވެ. އަދި ސިހުރުވެރިން ލައްވާ ސިހުރުހާހޫރަ ވެސް ހައްދުވާފައިވާކަން ފަޅާ އަރާފައި އެބަހުއްޓެވެ. މިކަންކުރުވާފައި ވަނީ، ބައެއްސިފައިން ކުދިންލައްވައެވެ. މިބާވަތުގެ ކަންތައްތަކަކީ، ސީދާސާފު ފިތުނައެވެ. އަދި ޚާލިސް ފަސާދަކަން ކަށަވަރެވެ. މީގެއިތުރުން ސިޔާސީ މީސްމީހުންނަށް މަރުގެ އިންޒާރުދީފައި ސިޓީފޮނުވާފައި އެބަހުއްޓެވެ. މިކަންފަޅާއަރުވާލާ ސިފައިގެއަށް ރިޕޯޓުކުރީމާ ބަލައިދީފައެއް ނެތެވެ. އާދެ! ދިވެހި ރާއްޖޭގެ ތާރީޚުގައި ހިނގާދިޔަ ބޮޑުހުޅުގެ ކަންތައްގަނޑު ފަދައިން މާލެތެރޭގައި ހުޅުޖަހާ ހައްދުވާފައި އެބަހުއްޓެވެ. ފަހެ، މިހިސާބުން ޑިމްސްއާއިއެލިޔާ ބިލްޑިންގް ފަދަ ތަންތަން ހުޅުޖަހާ ރޯކޮއްލީ ކާކުގެ ރޭވުމެއްގެ ދަށުންތޯ އެބަބަލާލަން ޖެހެއެވެ! އާދެ! ޑިންސްރޯކޮއްލި، މާފަންނު މާކޮޅު ވިސާމާއި އޭދަފުށީ ނާސިރު، މިދެކުދިންނާ އަޅުގަނޑާ ޖަލުންދިމާވެގެން، އަޅުގަނޑަށް އެވާހަކަތައް ކިޔައިދެމުން ބުނެފައިވަނީ، މާލެތެރޭގައި ހުޅުޖެހުމުގެ ކަންތައްކުރީ، އައްބާސް އިބްރާހީމް ބުނެގެންނެވެ. އާދެ! މިވާހަކަތައް ހިތުންދަންނާނެ މީހުން، ދުނިޔޭގައި އެބަތިއްބެވެ. އެހެނަސް، 1990 ވަނަ އަހަރުގައި ބަންދުކުރި އަޅުގަނޑުމެން ކަހަލަ ސިޔާސީ މީހުންގެ ބޮލުގައި މިކަންތައްގަނޑު އަޅުވައިގެން ސިފައިންލައްވާ ދޮގުބަޔާންތައް ލިޔުވާއި ހަދައިގެން ގައުމީރޭޑިޔޯއާއި ޓީވީން ކިޔާހެދީ ސީދާ ސަރުކާރުން ނެވެ. އަދި ޖަލުގައިތިބި ވިސާމާއި ނާސިރު ކައިރިޔަށް ޖަލުގެ ކުޑަގޮޅިތަކަށް، ކެމެރާއެއްގެ ތުހުމަތުގާ ބަންދުކުރީކަމަށް ހަދާފައި ވާދޫ މުހަންމައިދީދީ އޭކިޔުނު މީހަކު ސިފައިންގެ ބޮސް، އާދަން ޒާހިރު ފޮނުވައިދިނެވެ. މީނާއަށް އެރަށުމީހުން ކިޔާއުޅެނީ، “ދައްތާބޭ މުހަންމައިދީ” އެވެ. ވާދޫޑީޑީއެވެ. މިތާމިއިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބްލް އަހްމަދުޒާހިރު، ސީނާއަށް މިދަންނަވާ ވާދޫޑީޑީ، ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. އައްބާހާއިޒާހިރު ގދ.އަތޮޅަށް އާންމު އިންތިޚާބުގައި ވާދަކުރެއްވި ފަހަރު އައްބާހުގެ ކެންޕޭނަށް ޒާހިރާ ދެކޮޅުހެދުމަށް އަތޮޅުތެރެއަށް ފޮނުވާފައި ހުރީ، މިދަންނަވާ ވާދޫޑީޑީ އެވެ. ނިއު މޯލްޑިވްސްއަށް ނިސްބަތްވެ ވަޑައިގަންނަވާ މިތާތިއްބެވި ޒުވާން ޑޮކްޓަރުން، ސީނާޒާހިރު އަރިހުން މިޑީޑީ ރަނގަޅަށް ދަސްކުރެއްވުމަށް ގޮވާލަމެވެ. އައްބާސް ފަރާތުން އަތޮޅުތެރޭގައި ވޯޓުހޯދަން ދުއްވާހެދީ މީނާއެވެ. އަދި މީނާއަކީ، ކުރިންޓިއުޝަން ކްލާހެއް ހެންވޭރުކޮޅު ގެއެއްގައި ހިންގިމީހެކެވެ. ސަރުކާރުން ފައިސާދެނި މިކަހަލަ ހެޔޮކަންތައް ކުރުމުގެ ނަމުގައެވެ. އެހެނަސް އެފައިސާ ޚަރަދުކޮށްގެން ހިންގަނީ، ފަސާދައެވެ. ރައީސް މައުމޫނު ސަރުކާރުން، އޯޕަން ބަޖެޓެއް މީނާއަށް ދީފައި އޮވެއެވެ. އެމްއެމްއޭގައި އިންނަވާ ޚަދީޖާ، ހައްޖަކިޔާ އަންހެނެއް ކާރިޔަށް ދިއުމުން ވެސް، ވާދޫޑީޑީއަށް ނަގުދުފައިސާ ލިބެއެވެ. ތަޅުމުގައި މިއިންނެވި ލ.އަތޮޅުގެ އިއްޒަތްތެރި މެންބަރު މުހަންމަދު ނައީމަށް، ހައްޖައަކީ، ކިހާވަރެއްގެ ބާރުހުރި ކަމަނާއެއްކަން ވަރަށް ރަނގަޅަށް އެނގިލައް ވާނެއެވެ. ސަރުކާރާ އޭނަޔާ، ރައީސް މައުމޫނާއި އޭނަޔާއި އައްބާހާއި އޭނަޔާ، އޮންނަގުޅުން އަޅުގަނޑަށްވުރެ މޮޅަށް އެނގިވަޑައި ގަންނަވާނެއެވެ. ހައްޖަ ހައްދަވާގޮތަކީ، ފަހުންއެބައި ކޮންމެވެސް މޮޅުގޮތަކަށް ރާވާލާއި އެޖަސްޓްކޮށް ލައްވަނީއެވެ. މިވާދޫޑީޑީ ޖަލަށް ފޮނުވީ، އައްބާސް އަޑީގައި ހުންނަވައި ގެންނެވެ. ވާދޫޑީޑީއަކީ، ބިންބިފޯހުގެ އިސްމީހެކެވެ. އެބޭފުޅުން ހީކުރެއްވީ މީގެކުރިން ހަދާގޮތަށް މިކަންރާވާލައިގެން ބަޔަކަށް ހޭއަރުވާލެވިދާނެ ކަމަށެވެ.
އާދެ! މިދަންނަވާ ވާދޫޑީޑީއާ ހަވާލުކޮށްފައި އޮތް، މުހިންމު މަސައްކަތަކީ، ޑިންސް ބިލްޑިންގް ރޯކުރީ، އެދުވަސްވަރުގެ އާންމު އިންތިޚާބުގައި މާލޭގެދެގޮނޑިޔަށް ވާދަކޮށް، އިލްޔާސް އަބްރާހީމަށް ވުރެމަތި ހޯއްދަވައިގެން މާލޭގެ އިސްގޮނޑި ކާމިޔާބު ކުރެއްވި އިއްޒަތްތެރި މެންބަރުގެ ބޮލުގައި މާލެތެރޭގައި އަލިފާންޖަހާއި ރޯކުރުމުގެ ތުހުމަތު އަޅުވައި ސިފައިންނަށް މިކަންތައް އެކުދިން ލައްވާ ކިޔައިދީގެން ބަޔާން ނެގުވުމެވެ. އެކުދިންނަށް ތަހުގީގުތެރޭގައި މިކަންކުރާނެ ގޮތްކިޔައިދީ ބުނެދިނުމެވެ. މާލެތެރޭގައި ހިންގިއަލިފާނުގެ ކަންތައްގަނޑު އެއިއްޒަތްތެރި މާލޭގެ އިސްމެންބަރުގެ ބޮލުގައި އަޅުވާނެގޮތް ރާވައިދީ ބުނެދިނުމެވެ. އާދެ! މިއީޖަލަށް ފޮނުވުނު ވާދޫޑީޑީއާ އައްބާސްމެން، އެންދެރިކޭންޕުން ހަވާލުކުރެއްވި މުހިންމު ސިޔާސީ މަސައްކަތެކެވެ. ބޮޑުމަޝްރޫޢެކެވެ. އެހެނަސް އެކުދިންނަށް އެހާބޮޑު ދޮގެއްހަދާ، މުޅިން އެކަމުން ބަރީއަކޮށް ހުރި މައުސޫމް މީހެއްގެ ބޮލުގައި އެގޮތަށް އެކަންތައް، ވާދޫޑީޑީ ޖަލުގައިރާވައިދިން ގޮތަށް އަޅުވާލައި ނިންމާލަން ނުކެރުނީއެވެ. ސިފައިން އެތައްފަހަރަކު، ނެރެގެން އެހީމާވެސް އެކުދިންނަށް އެގޮތަށް ބަޔާންދޭކަށް ނުކެރުނެވެ. ޖަލުގައި ތިބުމުން، ﷲ އަށް، ހެއްދެވި ފަރާތަށް ބިރުވެތިވީއެވެ. ހަމަޔަގީނުން ވެސް މިހުރީ ދިވެހިތާރީޚުގައި ލިޔެވިގެން ދާނެ، ހަގީގަތްކަން ކަށަވަރެވެ. މިހަގީގީވާހަކަ ތަކަކީ، ކޮންމެވެސް ދުވަހަކުން ވަރަށް ހުތުރުކޮށް، މިމަޖިލީހުގެ ރައީސަށް، މިހުންނެވި އައްބާސް އިބްރާހީމްގެ ހަޔާތުގެ ފަތްފުށްތަކުގެ ގޮތުގައި ލިޔެވިގެންދާނެ ކަންތަކެވެ. މިއީ ތާރީޚީވާހަކަ ތަކަށް ވެގެންދާނެ ކަންތަކެއް ކަން ކަށަވަރެވެ. ޝައްކެއް ނެތެވެ. ދިވެހި ތާރީޚުރައްކާކުރާ މަރުކަޒާ ހަވާލުވެހުންނެވި އަސް، މިވާހަކަތައް ދިވެހި ތާރީޚުން ފޮހެލެވޭނެ ބާރެއް ނުވާނެކަން ހަނދާންކޮށް ދޭހާލު، އަޅުގަނޑު ބާރުލާފައި މިވާހަކަދަންނަވާލަން ބޭނުމެވެ. އައްބާސް އިބްރާހީމަކީ، މިފަދަ މަޖިލީހެއްގެ ރައީސެއްގެ ވާޖިބުތައް ފުރިހަމަގޮތުގައި އަދާކުރުމަށް ނުކުޅެދިފައި ވާމީހެކެވެ. ރައިސް ކަމުގައި ބެހެއްޓުމަށް އެއްގޮތަކަށް ވެސް ކުފޫހަމަނުވާ މީހެއްކަމުގައި މިދަންނަވަނީ، އަޅުގަނޑު އަޑަށް ލެވުނުބާރެއް ލާފައެވެ. މިކަހަލަ ޒިންމާދާރު މަގާމެއްގައި ހުންނަވަން ދުވަހަކުވެސް އަޅުގަނޑު އޭނާއަށް އިތުބާރެއް ނުކުރާނެ ވާހަކަ ޔަގީންކަމާއެކު ދަންނަވަންކެރޭ. މިހާތަފްސީލުކޮށް މިވާހަކަތައް މިދެނެންވީ، ނިއުމޯލްޑިވްސްގެ ޒުވާން ފަލްސަފާވެރި ބޭފުޅުންކޮޅަށް މިވާހަކަތައް އިއްވާލަން ވެގެންނެވެ. އެބޭފުޅުންގެ މައުލޫމާތަށްޓަކައި މިވާހަކަތަކަކީ، ވަރަށް މުހިންމު ބޭނުންތެރި ވާހަކަތަކަށް ވާތީއެވެ.
އާދެ! މިވާހަކަތައް ވާނީ، އާރާއްޖެއަށް ނިސްބަތްވާ ޒުވާން ޑޮކްޓަރުންނަށް މުޅިންއާވާހަކަ ތަކަކަށެވެ. މިއިންނެވި ޒުވާން ބަންޑާރަނައިބު ހަސަން ކިޔުއްވާލައްވަން ޖެހޭ، ބައިވަރުފައިލްތައް އޭޖީއޮފީހުގައި ހުންނާނެއެވެ. މިއިންނެވި ޒުވާން ޖަސްޓިސް މިނިސްޓަރު ޖަމީލު، ބައްލަވާލަންޖެހޭ ވަރަށް ގިނަލިޔުންތައް ޖަސްޓިސްގެ އަރްޝީފުގައި ހުންނާނެއެވެ. އަދި މިއިންނެވި ޒުވާން ފޮރިންގް މިނިސްޓަރ ޑޮކްޓަރ ޝަހީދު ދިރާސާ ކުރަންޖެހޭ ފައިލުތައް ވެސް ބައިވަރު ހުންނާނެއެވެ. މާލެތެރެއަށް އެންދެރިކޭންޕުން ނެރުނު “ބިންބިފޯސް” ކުޅުނު އުދުވާނީރޯލަކީ، ސިޔާސީ ކޮންމެދަރިޔަކަށް ސާފުކޮށް އެގެންޖެހޭނެ ސިޔާސީ ސޮފްޙާތަކެކެވެ. އައްބާސް މެން ނެރެގެން ގެންގުޅުއްވި، ބިންބިފޯސް، މާލެތެރޭގައި ހަރަކާތްތެރިވެ އުޅުނު ދުވަސްވަރަކީ، އެބޭފުޅުން ވަރަށް ފުރިހަމައަށް ދިރާސާކުރައްވަން ޖެހޭނެ، ދިވެހި ތާރީޚާ ގުޅިފައިވާ ދުވަސްތަކެކެވެ.
އާދެ! ސަރުކާރުގެ ނުފޫޒާބާރުން މިކަރާމާތްތެރި މަޖިލީހުގެ ރައީސްކަން ގަދަކަމުން ހޯދައިގެން ހުންނެވި، އައްބާސް އިބްރާހީމުގެ މާޒީން ވަރަށް ކުޑަމިންވަރެއް މިދެންނެވުނީއެވެ. އެފަދަ މީހަކުއެއްގޮތަކަށް ވެސް، މިފަދަމާތް މަޖިލީހެއްގެ ރައީސަކަށް ބަހައްޓައިގެން ނުވާނެއެވެ. އެއީ ރައްޔިތުންނަށް ހުރިހުތުރުކެވެ. ހަމަގައިމުވެސް އަޅުގަނޑު ހިތުގައި، އައްބާހުގެ މައްޗަށް އެއްވެސް އިތުބާރެއް ނެތެވެ. އަދި އިތުބާރެއް ނުވެސް ކުރާނަމެވެ. އާދެ! އައްބާސް ވަނީ، އެތައްގޮތަކުން ގާނޫނު އަސާސީއާއި މިމަޖިލީހުގެ ގަވާއިދުގެ ހުރުމަތް ކަނޑާފައެވެ. އޭނާ ރައީސް ކަމުގައި ދެމިހުރުމަށް ވޯޓުދެއްވާ ބޭފުޅުން ފާފަވެރިވާނެއެވެ. މިމަޖިލިސް ނަޖިހުން ތޯހިރުކުރުމުގެ އިޚްލާސްތެރި ނިޔަތުގައި މިމަޖިލީހުގެ ރައީސް ކަމުން އައްބާސް އިބްރާހީމް، ބޭރުކުރަން ވޯޓުދެއްވާ ބޭފުޅުންނަށް، ﷲ ސަވާބު ދެއްވާނެކަން ޔަގީނެވެ. އެހެނަސް އެންމެމޮޅަށް ދެނެވަޑައި ގަންނަވާނީ، ﷲ އެވެ. ވައްﷲ އަޢުލަމް!
އަޅުގަނޑު މިދެންނެވީ، މަޖިލީހުން ބޭރުގައި މިމަޖިލީހުގެ ރައީސްގެ އަމަލުތައް ހުރިގޮތުގެ ވާހަކައެވެ. އެއްވެސް މީހަކުމިފަދަ މަގާމަކަށް ގެންނައިރު، އެމީހާގެޒާތާއި ހަޔާތާމެދު ފިކުރުކޮށް ވިސްނާލަން ޖެހޭނެއެވެ. ރައްޔިތުންގެ ލޯތްބާއި ރުހުން އޮތްމީހެއްތޯ ނުވަތަ ނެތްމީހެއްތޯ ބަރާބަރަށް ބަލަންޖެހޭ ނެއެވެ. މިއީ އިސްލާމީ ޝަރުޢު އަޅުގަނޑުމެންނަށް ދަސްކޮށްދޭ ރީތިގޮތެވެ. ގާނޫނު އަސާސީއާއި މިމަޖިލީހުގެ ގަވާއިދުގެ ރޫޙަކީވެސް މިއެވެ. ދެންއޮތީ، ރައްޔިތުންގެ ޚާއްސަ މަޖިލިސް ތެރޭގައި، ތަޅުމުގައި އައްބާސް އަމަލު ކުރައްވާގޮތުގެ ވާހަކައެވެ. ފަހަކަށް އައިސް ހިނގަމުންމުދާ ހައިޖާނުކަން ގަދަ، ހަންގާމީޖަލްސާ ތަކުގައި އެވާހަކަތައް ވަނީ، ވަރަށް ގިނައިން، ވަރަށް ތަފްސީލުކޮށް ދެކެވި، އަޑުއުފުލިފައެވެ. ގާނޫނު އަސާސީއާއި މިމަޖިލީހުގެ ގަވާއިދުގެ ހުރުމަތްވަނީ، ގަސްދުގައި، އައްބާސް ކަނޑާލައްވާ ފައެވެ. ވެއްޔާމޮޑެ ލައްވާފައެވެ. އިދާރީކޮމެޓީގެ ބާރުތައްވަނީ، ގަހެއް ކަނޑާވައްޓާލިހެން ކަނޑާ ވައްޓާލާފައެވެ. އާދެ! އެކޮމެޓީގެ ވާޖިބުތަކަށް ހުރަސް އަޅުއްވާއި އެކޮމެޓިގެ ހުރުމަތް ކަނޑާއި އަމިއްލަ ބާރާއިނުފޫޒުގެ ދަށުން މަޖިލީހުގެ ޖަލްސާ ތައްވަނީ، ކުރިޔަށް ގެންދަވާފައެވެ. އިދާރީކޮމެޓީގެ ވާހަކަ ގަވާއިދުގައި ލިޔެވުނު އިރު، އިސްލާހެއްގެ ގޮތުގައި ހުށަހަޅާއި މަޖިލީހުގެ ގަވާއިދަށް ބަދަލެއް ގެނެސް، އެބަދަލު ގަވާއިދަށް ވައްދަން ޖެހުނީ، މަޖިލީހުގެ ރައީސްގެ ބާރުކަނޑުވައި ކުޑަކޮށްފައި މަޝްވަރާއާއި ލަފާހޯދުމުގެ ބައި ބޮޑުކޮށް، ބޭއްވުމުގެ މަގްސަދުގައި ކަން، މިފުރުސަތުގައި އަޅުގަނޑު ހާމަކޮށްދޭން ބޭނުމެވެ.
އާދެ! މަޖިލީހުގެ ރައީސަށް ހިތުހުރިހާ ގޮތެއް ނުހެދޭގޮތަށް އިދާރީ ކޮމެޓީއަށް ބާރުދެވުނީ، މަޖިލީހުގެ ކަންތައް އަމިއްލަފުޅަށް ހިތުހުރިހާ ގޮތަކަށް ކުރެއްވުމުގެ ބާރު، އެއްގޮތަކަށް ވެސް ނުދިނުމުގެ ބޭނުމުގައެވެ. އަޅުގަނޑުމެން ރަނގަޅަށް ދެނެތިބެގެން އެކަންކުރީ މިބޭނުމުގައެވެ. ނޭނގިތިބެގެނެއް ނޫނެވެ. އެއިސްލާހު ހުށަހެޅިމީހަކީ، ސީދާ އަޅުގަނޑެވެ. އެއީ ޖަލުގައި ހުރެގެން އަޅުގަނޑު ހުށަހެޅި އިސްލާހެކެވެ. ހަމަގައިމު ވެސް އެއިސްލާހު ހުށަހެޅުމުގައި އަޅުގަނޑުގެ ބޭނުމަކީ، މިދެންނެވި މަގްސަދު ހާސިލުކުރުމެވެ. މަޖިލީހުގެ ރައީސަށް އޮންނަބާރުތައް ކުޑަކޮށް، މަޝްވަރާއަށް ދޮރުހުޅުވާލުމުގެ ބޭނުމުގައެވެ. ފަހެ، މިކޮމެޓީއަށް، އައްބާސް ހުރަސް އެޅުއްވި ހިސާބުން، އައްބާސް މަޖިލީހުގެ ރައީސްކަމުން ދުރުކުރަން އަޅުގަނޑު އަޒުމް ކަނޑައަޅާއި އެކަން ތަންފީޒުކުރުމަށް ނިންމާއި ނިޔަތްގަނެ ފީމެވެ. މިހުންނަނީ މިކަހަލަ ވަގުތަކަށް އެދިއެދިއެވެ. ބަލަބަލާއެވެ. މިއަދުގެ މިޖަލްސާގައި ރިޔާސަތުގައި ނޫންނަމަވެސް ހާޒިރުވެ މިއިންނެވި، މިމަޖިލީހުގެ އިއްޒަތްތެރި ރައީސް އޮނަރަބްލް އައްބާސް އިބްރާހީމް ވަނީ، މިމަޖިލީހުގެ އިއްޒަތްތެރި މެންބަރުންގެ ހުރުމަތް ކަނޑާލައްވާފައެވެ. މިކަރާމާތްތެރި ތަޅުމަށް ކުލީސިފައިން ވައްދާފައެވެ. މެންބަރުންގެ އަބުރުނަގާލާފައެވެ. ކުލީސިފައިންނޭ މިދެންނެވީ އެއްވެސް ގަވައިދެއްނެތި އެމްއެންޑީއެފް ގެ ބޭފުޅުންނަށް ފައިސާދީގެން މިތަން ބެލެހެއްޓުމުގެ ނަމުގައި ކުއްޔަށް ސިފައިން ގެންގުޅޭތީއެވެ. މިމީހުންލައްވާ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ވަނީ، ބިރުދައްކާފައެވެ. އިއްޒަތްރެތި މެންބަރުން މަޖިލިސްކުރާ ގޭތެރޭގައި މަޖިލީހުގެ ރައީސް ސޮއިކޮށް ދެއްވާފައި އޮންނަ ފާހެއްހިފައިގެން އުޅުއްވަނިކޮށް، މިހެންގޮސްގެން ނުވާނެއޭބުނެ، މިސިޑިން އަރައިގެން ނުވާނޭބުނެ، މިފާޚާނާބޭނުން ކޮށްގެންނުވާނޭ ބުނެ، މިގޮނޑީގައި އިށީދެގެން ނުވާނޭ ކަމަށް ބުނެއަންގާއި އަމުރުކުރެއެވެ. މެންބަރުންގެ ކަރާމާތަށް ޖެއްސުންކުރެއެވެ. އަދި މަޖިލިސްކުރާ ތަޅުންގަނޑު ގަޔާއި ބޭރުގައި މަގުމައްޗަށް ދާންދެން ވަރަށް ސެންސިޓިވް އަދި ވަރަށް އަގުބޮޑު އަނދިރީގަޔާއި އަލީގައި ފެންނަ ވަށްތަރުގެ ކެމެރާތައް ހަރުކޮށް، އިއްޒަތްތެރި މެންބަރުންނަށް ފާރަލާއި މެންބަރުންގެ އިއްޒަތާއި އަބުރަށް ފާޅުގައި ގޮންޖަހާ ފައިވެއެވެ. މިއީ އެއްގޮތަކަށް ވެސް، ކޮށްގެންވާނެ ކަމެއްނޫނެވެ. މިހާގޯސްކޮށް މިމަޖިލީހުގެ ރައީސް، ކަންތައް ކުރައްވާފައި ހުރީމާ، އަޅުގަނޑު ބޮޑުމަޖިލީހުގެ ރައީސް އައްބާހަށް، އިތުބާރުކުރުން، މުޅީން ހުއްޓާލީއެވެ. އަދި ކުރިޔަށް އޮތްތާގައި އެއްގޮތަކަށް ވެސް ނުކުރާނަމެވެ.
އާދެ! ވީމާ އަޅުގަނޑު ދަންނަވަންއޮތީ، މިމަޖިލީހުގެ ރައީސް އައްބާސް އިބްރާހީމް ބޭރުކޮށް، މިތަޅުންގަނޑު ދޮވެސާފުކޮށް، ރިފޯމްކުރުމަކީ، އަޅުގަނޑު މެންގެ ކޮންމެ މެންބަރެއްގެ ވާޖިބެއްކަމުގައި ހައްދަވާށެވެ!!! މިފަދަ މަޖިލީހެއްގެ ރައީސަކަށް ހުންނަވަންވާނީ، ސާފުސީދާ ހެޔޮނިޔަތެއްގެ އަހުލުވެރި މާތްމީހެކެވެ. އަޚްލާގީގޮތުން ރަނގަޅު އަބުރުވެރި މީހެކެވެ. ދިރިއުޅުމުގައި ތެދުވެރި ލަފާދާރު މީހެކެވެ. ރައްޔިތުން ލޯބިވާ މީހެކެވެ. ދާއިރާއިން ބޭރުންވެސް، ރައްޔިތުންގެ ރުހުން ލިބިފައިވާ މީހެކެވެ. މަޖިލިސް ހިންގުމުގައި އެހެން ނުފޫޒެއް ނުވަތަ އެހެންބާރެއްގެ އަސަރު ނުފޯރުވޭވަރުގެ ފުދުންތެރި، ހިތްވަރުހުރި ކެރޭ ފުދުންތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. މިވާހަކަތައް ވަރަށް އަސަރާއެކު ދަންނަވަމުން އަޅުގަނޑަށް ދެއްވި ފުރުސަތު ނިންމާލާ ނަމެވެ. މިދެންނެވުމު ހުރިހާ ސަބަބުތަކާ ހެދި، އަޅުގަނޑު މިއިންނެވި، އައްބާސް އިބްރާހީމަށް އިތުބާރު ކުރާކަށް ނެތީމެވެ. އަދި އައްބާހަށް ދުވަހަކުވެސް އިތުބާރު ނުކުރާނެކަމުގެ، ތިޔައެންމެހާ އިއްޒަތްރެރި މެންބަރުންނަށް ޔަގީންކަން އަރުވަމުން އިށީންނާނަމެވެ! ޝުކުރިއްޔާ!