ރައީސް މައުމޫނުގެ 29 ބޭކަލުން ބޮޑުމަޖިލީހުން ބޭރުކުރުން!

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ޖޫން ގައި)

ފަހެ، ދަންނާށެވެ! ރައްޔިތުންގެ ޚާއްސަ މަޖިލިސް ކަމުގައިވާ ރައްޔިތުންގެ ބޮޑު މަޖިލީހުގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމު އައްޔަން ކުރައްވާފައި ތިއްބަވާ، 29 އިއްޒަތްތެރި މެންބަރުން ތިއްބަވައެވެ. މިއީ މިހާރު އަމަލު ކުރަމުން ގެންދާ ގާނޫނު އަސާސީގައި މިކަން ލިޔެވިފައި އޮންނަގޮތެވެ. ބޮޑުމަޖިލިސް އެކުލެވިގެން ވާގޮތް ބަޔާންކުރަނީ، ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައެވެ. އަސާސީގައި އެމާއްދާ ލިޔެފައި އޮންނަގޮތް އަކުރުން އަކުރަށް ދަންނަވާ ލާނަމެވެ.

“ރައްޔިތުންގެ ޚާއްސަ މަޖިލިސް އެކުލެވިގެން ވާނީ، ތިރީގައި މިދަންނަވާ މީސްމީހުންގެ މައްޗަށެވެ.

(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރުން.

(ށ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުން.

(ނ) ގާނޫނުގައިވާ ގޮތުގެމަތިން ބާއްވާ އާންމު އިންތިޚާބަކުން މާލެއާއި އަތޮޅުތަކުން ހޮވާމެންބަރުން، މިގޮތުން ކޮންމެ ދާއިރާއަކުން ހޮވާ މެންބަރުންގެ އަދަދަކީ، ރައްޔިތުންގެ މަޖިލީހަށް އެދާއިރާއަކުން ހޮވާފައިވާ މެންބަރުންގެ އަދަދާއެއްވަރު އަދަދެކެވެ.

(ރ) ރައީސުލް ޖުމްހޫރިއްޔާ އައްޔަންކުރާ، 8 މެންބަރުން.”

ފަހެ، މިމާއްދާގެ އަކުރުތަކަށް ވަކިވަކިން ނުގޮސް، މައިގަނޑު މުޅިނައްޞައް ބަލާލަމާތޯއެވެ! ވަރަށް ސަރީޙަކޮށް ލިޔެފައި އެއޮތީ، ރައްޔިތުންގެ ޚާއްސަމަޖިލިސް އެކުލެވިގެންވާނީ، ތިރީގައި މިވާ މީސްމީހުންގެ މައްޗަށެވެ. މީސްމީހުންގެ މާނައަކީ، ވަކިވަކި އިންސާނުންނެވެ. ޖިސްމުން ވަކިވާން ޖެހޭގޮތަށެވެ. ކޮންމެ އިންސާނަކަށް ވަކިގޮނޑިއެއް ކަނޑައެޅިފައި އެގޮނޑީގައި މީހަކު ޖިސްމާނީގޮތުން ތަމްސީލުވާގޮތަށް އިންނެވުމެވެ. މީސްމީހުންގެ މާނަފުރިހަމަ ވާނީ، މިގޮތަށް މީސްމީހުން ހަމައަށް ބޮޑުމަޖިލީހުގެ ގޮނޑިތަކުގައި ތިއްބަވައި ގެންނެވެ. އެހެން ނުވާހާ ހިނދަކު މިމާއްދާގެ ރޫޙާއި މުޅިއަސާސީގެރޫޙާ އެއްގޮތަށް މީސްމީހުންގެ މައްޗަށް އެމަޖިލީހެއް އެކުލަވައެއް ނުލެވޭނެއެވެ. ވަކިވަކިން މިމޭރުމުން މީސްމީހުން ހަމަނުވާހާ ހިނދަކު މަޖިލީހުގެ ގާނޫނީ އަދަދު ފުރިހަމައެއް ނުވާނެއެވެ. ގާނޫނު އަސާސީލިޔެ ޑްރާފްޓްކޮށް ފާސްކުރަނީ، މާސިންގާބިޔަ މަޖިލީހަކުންނެވެ. ސީދާކޮށް ރައްޔިތުން އިންތިޚާބުކުރާ އެހެން އެއްވެސް ފަރާތެއްގެ ބާރެއް ނުފޫޒެއްބާރެއް ނެތި، ސީދާ ރައްޔިތުންގެ މަންދޫބުންނަށް އެތަޅުން ވާންޖެހޭނެއެވެ. ފަހެ، މިއީ ރައްޔިތުން އެދޭގޮތަށް ގާނޫނު އަސާސީގެ ސައްހަކަންމަތީ އޮތުމަށް ބޭނުންވާ އެންމެމުހިންމު ޝަރުތެވެ. އެހެނަސް އައްދައުލަތުލް މަހަލްދީބިއްޔާ (ދިވެހިދައުލަތް) ގައި ގާނޫނު އަސާސީ އެކުލަވާލުން މިއޮންނަނީ، ވަރަށް ފުރިހަމަކޮށެވެ. މާފުޅާކޮށް ލައްވާފައެވެ. އަޅުގަނޑު ގަބޫލުކުރަނީ، އެއީބޮޑަށް ރައްޔިތުންގެ މަޝްވަރާ ޝާމިލު ކުރުމަށް އަސާސީގައި ލިޔެބާއްވާފައި އޮތްގޮތެކެވެ. އަސާސީ ލިޔުމަށް އެއްމެފުރަތަމަ ދިވެހި ގައުމުގައި އެކުލަވާލެވުނު ކޮމެޓީގައި ސަލާޙުއްދީނުމެން ފަދަ ބޭފުޅުން ގެންގުޅުއްވީވެސް މިފަދަ ވިސްނެވުމެކެވެ. އޭރުގެ ރަސްގެފާނު އެކުލަވާލެއްވި ކޮމެޓީވެސްއޮތީ މިގޮތަށް ވަރަށް މިނިވަންކޮށް ހުޅުވާލެވިފައެވެ. ދުނިޔޭގެ އެހެންތަންތަނާ ޚިލާފަށް، މިގައުމުގައި އަސާސީލިޔުމުގެ މަސައްކަތް ރަމްޒުވެފައި މިއޮންނަނީ، އެކަމަށް އެންމެފުރަތަމަ އުފެދުނު ކޮމެޓީއެކުލަވާލެނު ބިންގަލުގެ މައްޗަށެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީގޯހެއް ނޫނެވެ. ރަނގަޅުރޫހެކެވެ. އިޚްލާސްތެރި ނިޔަތެއްގެ ބިންގަލެއް އޮތުމަކީ މުހިންމު ބޭނުންތެރި ކަމެކެވެ. ހިތާމައަކީ، ފިތުރަތާއި ތަބީއީހަމަތަކާ އެއްގޮތަށް، އެމަސައްކަތް ނުގެން ދެވޭތީއެވެ. އެހެންބައެއް ގައުމުތަކުގައި ހަދާގޮތަށް އައްޔަންކުރާ މުހައްދަދު، މަދުބަޔަކު ހިމެނޭ ކޮމެޓީއަކުން، ލިޔެ އެކުލަވާލައިގެން، ގެންނަ ދެލިކޮޕީއެއް ފާސްކޮށް ލަނީކީ ނޫނެވެ. ރާއްޖޭގައި މިކަންކުރަނީ، ވަރަށް ޝާމިލްގޮތަކަށް ފުޅާ މަޝްވަރާ ތަކެއްކުރެވިގެން ދެލިކޮޕީތައް އެކުލަވާލެވި، އަނެއްކާވެސްެ އިތުރު އެތައް މަޝްވަރާތަކެއް ކުރެވުމަށް ފަހުއެވެ. އެހެންވުމާ އެކު އަސާސީގައި ލިޔެފައިހުރި ޢިބާރާތްތަކަށް ބަލާއިދިރާސާ ކުރުމަކީ، ރައްޔިތުންނަށް ވާޖިބުވާ ކަމެކެވެ. މަޖްބޫރު މާއްދާއެކެވެ. ބޮޑުމަޖިލިސް އެކުލަވާލުމުގައި ރައީސް މައުމޫނު، މިނުކުތާތަކަށް ވިސްނެވުމަކީ، ވަރަށް ބޭނުންތެރި ޒިންމާދާރު ކަމެކެވެ.

އާދެ! މިބަހުސް ކުރެވޭ ނައްޞުގައި އޮންނަނީ ކުރިން ދެންނެވިހެން، “ތިރީގައި މިދަންނަވާ މީސްމީހުންގެ މައްޗަށެވެ.” މިއީ ވަރަށް ޞަރީޙަކޮށް އޮތް އިބާރާތެކެވެ. ފަހެ، “މީސްމީހުން” ނޭ ލިޔެފައި އެވަނީ، ވަކިބޭނުމެއްގައި ހަމަ ގަސްދުގައެވެ. ނޭނގިތިބެއެއް ނޫނެވެ. ލިޔުނު ބަޔަކަށް ރަނގަޅަށް އެނގިދެނެ ތިބެއެވެ. ފަހެ، ކޮންމެމީހަކީ ވެސް، ވަކިޖިސްމެކެވެ. ވަކިނަފްސެކެވެ. ވަކި ފަރުދެކެވެ. ވަކި ހަށިގަނޑެކެވެ. ވަކިވަކި ހިއްސުތަކެއް އެކުލެވޭ، މުސްތަގިއްލު ވަކިވަކި ސިކުނޑިތަކެވެ. ވަކި ވިސްނުމެއްގެ އަހުލުވެރި އެކެވެ. އާދެ! އެތައް ބައެއްގެ ފަރާތުންހޯދާ ޖަމާކުރެވޭ ޚިޔާލުތަކެއްގެ ވަކިފިކުރެއް އުފުލާ މުޅިންވަކި މީހެކެވެ. މިދަންނަވާ ވަކި މީސްމީހުންގެ މައްޗަށޭލިޔެފައި، ދެންއޭގެ ތިރީގައި އެވާ ހަށަނަރަ ބަޅައިގެ ހަތަރު އަކުރުގައި ހިމެނޭ ކޮންމެ ދާއިރާއަކުން، އެއްވަގުތެއްގައި ވަޒީރުންނަށް އެތިބޭ އަދަދަށް ވަކިވަކިމީހުން ތިބެންޖެހޭ ގޮތަށެވެ. ފުށޫ އެރުމެއް ތަކުރާރުވުމެއް ނެތިއެވެ. ބޮޑުމަޖިލީހުގައި ކޮންމެވަޒީރަކަށް ގޮނޑިއެއްނެތި، މިމާއްދާގައި މިބުނާ، މުއައްސަސާ އެއް އެކުލަވައެއް ނުލެވޭނެއެވެ. ފުށޫއަރާ ތަކުރާރުވާ ގޮތަށް ތިބެންޏާ މީސްމީހުން ނަކަށް ނުވެވޭނެއެވެ. އެކަކު ދެތިންމީހުންނަށް ވީއެވެ. އަދި ދެމީހުން ތިންމީހުން އެކަކަށްވީއެވެ. އެއްގޮތަކަށް ވެސް މިމާއްދާގެ ދަށުން އެކުލަވާލާ މުއައްސަސާ އެއްގައި ފުށޫއަރާގޮތަށް މީސްމީހުން ތިބެގެން ނުވާނެއެވެ. މިފަދަ މުއައްސަސާ އެއްގެ ގާނޫނީއަދަދު އެކިހިނދަށް އެކިއިރުވަރަށް، އެކިމޫސުމަށް ބަދަލުކުރެވޭ ގޮތަށް ވެރިމީހާގެ އަތަށް ދޫކޮށްލެވިފައި އޮވެގެން ނުވާނެއެވެ. މިމުއައްސަސާ އަށް ބުރޫއަރާގޮތަށް ވެރިމީހާ އެއްވެސް މަގާމަކަށް މީހުން އައްޔަން ކުރައްވައިގެން ނުވާނެއެވެ. އަދި މިމުއައްސަސާ ދެމިއޮންނަހާ ހިނދަކު ވެރިމީހާއަށް، މިމާއްދާއަށް ހުރުމަތްތެރިކޮށް ހިތުން ލާޒިމުކަމެކެވެ. ފަހެ، ފުށޫއަރާގޮތަށް އެއްވެސް މަގާމެއް ހަމަޖައްސައި ގެން، ނުވާނެއެވެ. އެއީ ގާނޫނީފިތުރަތާއި ޠަބީޢީ ހަމަތަކާއި އާދަކާދަޔާ ވެސް، ސީދާދެކޮޅު ހެދުމެވެ. މިސާލަކަށް ރައްޔިތުން ހޮވާފައި ހުންނެވި، ބޮޑުމަޖިލީހުގައި ހިމެނިވަޑައި ގަންނަވާ ބޭފުޅަކަށް ވަޒީރުކަން ދެއްވައި އެމުއައްސަސާގެ ރޫޙުގެއްލި ފުށޫއަރާގޮތަށް، މަގާމެއް ހަމަޖައްސަވައި ގެން ނުވާނެއެވެ. އެއީ ވެރިމީހާ ރައީސް މައުމޫނު އަމިއްލަފުޅަށް ބައްލަވަން ޖެހޭނެކަމެކެވެ. ހުރުމަތްތެރިކޮށް ހިއްތަވަން ޖެހޭނެ ކަމެކެވެ. ރައްޔިތުންނަށް ޓަކާ އިހްތިރާމް ކުރައްވަން ޖެހޭނެ ކަމެކެވެ. ގާނޫނު އަސާސީގެ މުޅިރޫޙަށް ބޯލެންބެވުމަށް ޓަކައެވެ. ފަހެ، ބޮޑުމަޖިލީހަށް ފުށޫއަރާގޮތަށް އެއްވެސް މަގާމަކަށް ބޭފުޅަކު ހަމަޖެއްސެވުމަކީ، އަސާސީގެ ރޫޙާ މުޅިންޚިލާފު ކަމެކެވެ. ކޮށްގެންވާނެ ކަމެއްނޫނެވެ.

އާދެ! އަޅުގަނޑު ބަހުސް ކުރަމުން މިގެންދާ، އަސާސީގެ 93 ވަނަ މާއްދާގެ މިނައްޞުގައި ޚާއްސަ މަޖިލިސް އެކުލެވިގެން ވާނީ، ތިރީގައިމިވާ މީސްމީހުންގެ ބަދަލުގައި މަގާމުތަކުގެ މައްޗަށެވެ. މިގޮތަށް ލިޔެފައިއޮތްނަމަ، ފުށޫއަރާގޮތަށް އެމުއައްސަސާ އެކުލަވާލުމަކީ، ރައީސުލް ޖުމްހޫރިއްޔާއަށް ކުރެއްވޭނެ އާރުލާކަމެއް ކަމުގައި ބެލެވިދާނެއެވެ. މިމަޒްމޫނުގެ ލިޔުންތެރިޔާ ކަމުގައިވާ އަޅުގަނޑު، 2004 ގެ ބާރަތޭރައާ ގުޅިގެން ބަންދުކުރުމަށް ފަހު، ޖަލުންނުކުމެ ފުރަތަމަ ބައިވެރިވާން ލިބުނު ބޮޑުމަޖިލީހުގެ ޖަލްސާގައި ނިޒާމާބެހޭ ނުކުތާއެއްގެ ގޮތުގައި މިމައްސަލަ ނެގީމެވެ. އަދިއަދަށް ވެސް ދޭތެރެދޭތަރެއިން މިމައްސަލަ މިގެންދަނީ ފާޅުކަންބޮޑު ގޮތަށް ތަޅުމުގައި ނަގަމުންނެވެ. މިކަންކުރަމުން މިގެންދަނީ، ހަމައެކަނި ރައްޔިތުންގެ ހައްގުގައެވެ. ކޮމިޝަނަރ އޮފް އިލެކްޝަންސް އަށާއި އެހެނިހެން ކަމާބެހޭ، ރަސްމީ މުއައްސަސާތަކަށް މިމައްސަލަ ހުށަހެޅުމުން ވަނީ، އެއިން އެއްވެސް އިދާރާއަކުންބަލައި ނުދެއްވާ ފައެވެ. އެލިޔުންތަށް އަޅުގަނޑު އަތުގައި އެބަހުއްޓެވެ. ދެރަކަމަކީ، އެއްގޮތަކަށް ވެސް އެއްވެސްތާކުން އަޅާނުލެއް ވީތީއެވެ. މިފަދަ މައްސަލަތައް ބަލައިދޭނެ ރަސްމީ ފަރާތެއް ނެތެވެ. ނުވިއެވެ. ރައީސް މައުމޫނު ދެކެގަންނަ ބިރުންނެވެ. ގާނޫނުއަސާސީ ވެސް މާނަކުރަނީ، އެކިތަނުން އެކިފަހަރު އެކިގޮތަށެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ރައްޔިތުން މިތިބެންޖެހެނީ ހައްގުތައް ނުލިބި ވެރިންގެ ކުރިމަތީގައި އިނދަޖެހިފައެވެ.

އާދެ! ދުނިޔޭގެ އެކިދައުލަތްތަކަށް ބޭނުންވާ އެކިގާނޫނު އަސާސީތައް ލިޔެ އެކުލަވާލައި ފާސްކުރާއިރު ވެރިމީހާއާއި ވެރިމީހާގެ ކެބިނެޓައި، އަދި މީގެއިތުރަށް އައްޔަން ކުރަންޖެހޭ ބޮޑުންނަކީ، ތިބެންޖެހޭނެ ބައެއްނޫނެވެ. ގާނޫނުހަދާ މަޖިލީހުގަޔާއި އަސާސީލިޔާ މަޖިލިސް ތަކުގައި ވެރިމީހާގެ ފަރާތުން ވަދެތިބޭ ވަކިޖަމާޢަތަކަށް ތިބެވިގެން ނުވާނެއެވެ. އަމުދުން އައްޔަންކުރާ ބަޔަކު ތިބުމަކީ، ގާނޫނީހަމަތަކުން ފޫބެދޭކަމެއް ނޫނެވެ. ގާނޫނީ ފިތުރަތާއި ޠަބީޢީ އަދުލް އިންސާފާ މުޅިން ދެކޮޅުކަމެކެވެ. މަސްލަހަތަށް ވުރެ ފަސާދަ އެކުލެވޭ ކަމެކެވެ. މިފަދަ ތަބީޢީގޮތުންރީތި، އުސޫލުތަކަށް އެއީ ކޮމިއުނިސްޓް ނިޒާމުގައި އޮންނަގޮތް ކަމަށް ވިދާޅުވެ، އެއީ މިހާރުގެ ދުނިޔޭގައި ފެއިލްވެފައިވާ ނިޒާމެއްކަމާއި ކަނޑައެޅިގެން އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު ނިޒާމެއްކަމުގައި ދައްކުވައިދީ، ރައްޔިތުންނަށް ތެދުހަގީގަތް އޮޅުވާލުމަށް ޑީއާރުޕީގެ އާންމު ބައްދަލު ވުމެއްގައި އެޕާޓީގެ ޒައީމު އެކުރެއްވި މަސައްކަތްޕުޅަކީ، ދިވެހިންގެވަކި އުމުރެއްގެ ސިކުނޑިތަކާ ކުޅެލެއްވުމުގެ ބޭނުންފުޅުގައި ރާވައިގެން ކުރެއްވި، ވަރަށް ނޭދެވޭ މަސައްކަތް ޕުޅެއްކަން ދަނެގަންނަން ޖެހޭނެއެވެ. ކޮމިއުނިސްޓް ނިޒާމާ މިކަމާގުޅުވާލުމަކީ، ސާފުހުދު ކުލައިގެ ބޮޑު އޮޅުވާލުމެކެވެ.

އޭ! ލޮބުވެތި ރައްޔިތުންނޭވެ! މިކަން ދެކިދެނެތިބެ ދަންނާށެވެ! ގޮށްމުށުގެބާރުން ވެރިކަން ހިންގާމީހުންގެ ބާރުތައް ކުޑަވާންފެށީމާ މިޒާތުގެ އެތައްވާހަކަ ތަކެއް ދައްކާހެދި، ބޮޑެތިޖައްބާރު ލީޑަރުންގެ ނަމޫނާތައް މާޒީވެގޮސްފައި ވާލެއް މަދެއްނޫނެވެ. ވަރަށް ގިނަގުނައެވެ. ފަހެ، އިބްރަތް ލިބިގަންނަން ވީއެވެ. ސީދާމަގުން ރައްޔިތުން، އިންތިޚާބު ކުރާބަޔަކަށް އެބައެއްގެ ދައުލަތުގެ ގާނޫނުއަސާސީ އެއުންމަތަކަށް ބޭނުންވާގޮތަށް ހެދޭނެއެވެ. ނުހެދެންވީ އެއްވެސް ސަބަބެއް ނެތެވެ. ދައުލަތުގެ ސިޔާދަތާއި ޤިޔާދަތާއި ވަހުދަތު، އަދުލްއިންސާފު ވެރިގޮތަށް ގެންދެވޭނެ، އަސާސީއެއް އެކުލަވާލައި ހެދޭނެކަން ޔަގީނެވެ. ބޭރުން ބިދޭސީ މަޖޫރީންތަކެއް މިކަމަށް ހޯދާކަށް ނުޖެހޭނެއެވެ. އެހެނަސް ޒަމާނުއްސުރެ ދިވެހިކާބަފައިން ހަދަމުންއައި އަސާސީތަކުގައި ވެރިމީހާގެބާރާއި އޭނާގެ ކެނބިނެޓަށް މިފަދަ މުއައްސަސާ ތަކުގައި ހިއްސާވެވޭ ގޮތަށް ލިޔެވިފައިވަނީ، ގާނޫނީ ފިތުރަތާއި ޠަބީޢީ އިންސާފާ ދެކޮޅަށެވެ. އަމިއްލަބާރާއި ނުފޫޒުގަދަ ކުރުމަށެވެ. އަދި އައްޔަންކުރާ ވަކިބަޔަކަށް އަސާސީގައި ޖާގަދެނީ ވެސް ފިޠުރަތުގެ މިއުސޫލާއި ޠަބީޢީގާނޫނުތަކާ މުޅިންދެކޮޅަށެވެ. ގާނޫނު އަސާސީ އިސްލާހު ކުރާއިރު، ނުވަތަ އަލުންލިޔާއިރު ވެރިކަންކުރާ ފަރާތާއި އެފަރާތުގެބާރު ނުހިމަނާ، އެމަސައްކަތް ކުރުމަށް ގޮވާލައި ރައްޔިތުން، ހަރުކޮށްއަޑުތައް އުފުލާސަބަބަކީ މިއެވެ. ގާނޫނީ ފިޠުރަތާއި ޠަބީޢީއިންސާފާ އެއްގޮތަށް، އަދި ރައްޔިތުން ރުހޭގޮތަށް ގާނޫނު އަސާސީގެ މަސައްކަތް ކުރެވޭނީ، އެމުއައްސަސާ މިދަންނަވާގޮތަށް ސާފުތާހިރުކޮށް ހުރިހާބާރަކުން މިނިވަންކޮށް ބާއްވައިގެންނެވެ. ޚާއްސަ މަޖިލިސްފަދަ، މުއައްސަސާ އެއްގައި ވަޒީރުންނާއި އައްޔަންކުރާ ވަކިފަރާތަކަށް ނިސްބަތްވާ ބަޔަކު ތިބެގެން ނުވާނެއެވެ.

ފަހެ، ދަންނާށެވެ! މިހަމަތަކުން ގާނޫނު އަސާސީ އިސްލާހުކުރުމަށް ބޭނުންވާ އަސާސީ ސިފަތަކާއި އަސާސީ އުސޫލުތަކަށް ބަލާއިރު އެންމެފުރަތަމަ އަޅަން މަޖުބޫރުވާ ފިޔަވަޅަކީ، ގާނޫނުހަދާ މުއައްސަސާ، ރައްޔިތުން އެދޭގޮތަށް ސައްހަ އަސާސީއެއް އެކުލަވާލައި ފާސްކުރެވިދާނެ ފެންވަރެއްގައިތޯ އޮތީބެލުމެވެ. މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީގެ ދަށުން އެކުލަވާލި ގާނޫނުހަދާ މުއައްސަސާ އޮތީއެގޮތަށް ނޫންކަމަށް ހުރިހާ ރައްޔިތުން ވެސް އެއްބަސް ވެލައްވައެވެ. ދެން އެހިނދު ބޮޑުމަޖިލީހުގެ މައްޗަށް ލާޒިމުކުރުވާ ކަމަކީ، އެމުއައްސަސާއިން އެންމެ ފުރަތަމައަޅާ ފިޔަވަޅެއްގެ ގޮތުގައި އެމުއައްސަސާ އެކުލެވިގެންވާ ގޮތް މުރާޖަޢާކޮށް އެކުލަވާލުމެވެ. އަވަހަށްވީ މިކަން ކުރާށެވެ. ލަސްކޮށްގެން ނުވާނެއެވެ. 93 ވަނަ މާއްދާއާއި އެމާއްދާ އާސީދާގޮތުން، ގުޅުންހުރި މުހިންމު މާއްދާތައް އަވަހަށް އިސްލާހުކޮށް ނިންމާލަން ވީއެވެ.

އާދެ! އެމްޑީޕީއިން ރާވައިގެންބޭއްވި “ބޭރުކުރޭ” މުޒާހަރާގެ މަގްސަދަކީ، މިހާރުމިއޮތް ގާނޫނު އަސަސީއާ ދެކޮޅަށް ބޮޑުމަޖިލީހުގައި ތިއްބެވި ވަޒީރުންނާއި އައްޔަންކުރެވުނު ބޭފުޅުން ވަގުތުންބޭރުކޮށް ލުމެއްނޫނެވެ. އަދި އަލުން ބަޔަކުއައްޔަން ކުރެއްވުމަށް ގޮވާލުމެއްވެސް ނޫނެވެ. ފުރަތަމަ ބަދަލެއްގެ ގޮތުގައި ބޮޑުމަޖިލީހުން އަސާސީގެ ކަމާބެހޭ ދެތިންމާއްދާ އަކަށް ބަދަލުގެނެސް އެކަށީގެންވާ ވަރަށް ރައްޔިތުން ދިފާޢުކޮށްދޭނެ ކަރާމާތްތެރި އަބުރުވެރި، ސައްތައިން ސައްތަ ރައްޔިތުންގެ މުއައްސަސާ އަކުން މުޅި އަސާސީ ރައްޔިތުން ބޭނުންވާގޮތަށް އިސްލާހުކުރުމުގެ މަސައްކަތް ކޮށްދެއްވާށޭ ބުނެ، އަޑު އުފުލުމެވެ. އެއްގޮތަކަށް ވެސް އެއަޑު އުފުލުމަކީ، “ހަވީރު” ނޫހުގެ “ދެވަނަ ވިސްނެވުމަކަށް” މިކޮލަމުގައި މަޝްހޫރު “އަލިފު” ސީނާޒާހިރު، ލިޔުއްވާފައި ވާފަދަ އަޑުއުފުލުމެއް ނޫނެވެ. ފަހެ، އަލިފުގެ ލިޔުމަށް ވިސްނާލުމުން އަލިފު އަރަބިބަހުގައި ކުޅެމުން ގެންދާ އިޚްލާސްތެރި ތެދުވެރިދައުރު ވަނީ، އަލްމުއައްރިޚް ހެންވޭރު ޝަފީގުގޭ އަހްމަދު ޝަފީގު، އެސަންދާނުގައި ލިޔުއްވާފައި ވާފަދައިން “އެއޮތީ ފަތްކޯޅިއެއް ދީފައޭ، ދެން އެބަކައްޓެއް ނުހޭރޭނެއޭ” މިގޮތް ވެގެން ގޮސް މުޅިން ގުދުގުދުލާފައެވެ. އަރަބިބަހުގެ ތެރޭގައި ހިމެނޭއެންމެ ރީތިތެދު އަލިފު، މިހާރު ގުދުގުދުލާން ފެށީއެވެ. ވިހަގަދަ ހަރުފައަކަށް ބަދަލުވީއެވެ. ފަހެ، މިހާރު އަލިފަކަށް ބޭނުންކުރާ ވަރަށްވުރެ، ގުދުކަން ބޮޑުކަމަށް ބަހުގެ އިލްމުވެރިން ބުނެއުޅެއެވެ.

އާދެ! ދެމަޖިލީހުގައި އިންތިޚާބު ކުރެވިފައި ތިއްބެވި އަރުޒާނައިން (އަންހެން ބޭފުޅުން) ކިތަންމެ މަދަސް އާބާދީގައި ދެބައިކުޅަ އެއްބަޔަށްވުރެ އަންހެނުން ގިނަޔަސް އިންތިޚާބަކާ ނުލައި މިފަދަ ބޮޑު މަޝްވަރާ މަޖިލީހަކަށް އައްޔަންކުރާ ގޮތަށް އޮވެގެން ނުވާނެއެވެ. ޖެނެރަލް ޕަރްވޭޒް މުޝައްރަފް ސާހިބު ޕާކިސްތާނުގެ ޕާލަމެންޓަށް މިކަހަލަ ބަދަލެއް ގެނެސް، އެމެރިކާއާއި ހުޅަގުރުއްސުމަށް އަންހެން ކަނބަލުން ގިނަކުރީ، ދުނިޔޭގައި ނަގާކިޔަންތިބި ބިދޭސީންގެ އަވާގައި ޖެހިގެންނެވެ. މިހާރު އެކަމުގެ ނުހޮރުއްޕާން ބޮލުގައި އަޅަންޖެހިފައި ވަނީ، ސީދާ އޭނާއަށެވެ. ފަހެ، މިރޫޙުގައި އެގޮވާލާ ގޮވާލުމަކީ، ހުޅަގުން އެތެރެކޮށްގެން ދޭސީބާޒާރު ތަކުގައި ވިއްކަމުންދާ ވިހަގަދަ ޖަރާސީމެކެވެ. އެއްގޮތަކަށް ވެސް ގަބޫލުކުރަން ވާވަރުގެ ވާހަކައެއް ނޫނެވެ. އިސްލާމް ވަންތަކަމުގެ އަސާސް ވެސް ނެތްކަމެކެވެ. ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ތިއްބަވާ މެންބަރުން އަބަދުވެސް ވާހަކަފުޅު ދައްކަވާނީ، ރައީސުލް ޖުމްހޫރިއްޔާއަށް އެންމެ ފައިދާހުރި ގޮތަށެވެ. އެހެނީ، އެމެންބަރެއްގެ ވާޖިބެއް ކަމުގައި ބަލާނީ ރައީސް އަންގަވާގޮތަށް މަޖިލީހަށް ޚިޔާލުދިނުމަކީ، އޭނާއަށާއި އޭނާގެމަގާމަށް އޮތް، ބޮޑު ގެރެންޓީއެއް ކަމަށެވެ. ރައްޔިތުންގެ ވިންދުތައް އެމީހުން ދަންނާނެއެވެ. އެނގޭނެއެވެ. އެހެނަސް އެވިންދުތަކުގައި ހޫނުކަމެއް ވާކަމަކަށް އެމީހުން ނުދެކޭނެއެވެ. އަބަދުވެސް ބަލާނީ، ފައިސާކޮޅެއް ބަހާލައިގެން އަޅާއޮބާ ލެވޭތޯއެވެ. ގާނޫނު އަސާސީ ބުނާގޮތުން ވާހަކަ ދެކެވެމުން މިދާ، 29 ބޭކަލުން ބޭރުކުރެވޭނީ، ހަމަބޮޑު މަޖިލީހަށެވެ. ޝައްކެއް ވަސްވާހެއްނެތެވެ. ހަމަކެރެން ވީއެވެ. މަހުޖަނުންގެ ޗެކްތަކަށް މީހާގެ ޒަމީރު ވިއްކާނުލަންވީއެވެ. މަޖިލިސް ކުރާގެ ބަންދުގަޑީގައި މަޖިލިސް ދޮށުގައި ރޭގަނޑާއި ދުވާލު އިއްވާކޮންމެ އަޑަކީވެސް ބޮޑުމަޖިލީހުގެ މެންބަރުންގެ ކަންފަތަށް ނުސީދާކޮށް ނަމަވެސް އިވޭނެއަޑެކެވެ. ހިތާއިވިންދުގައި ހޫނުކަމެއް ހުރިއްޔާ އަސަރުވެސް ކުރާނެއެވެ. ފަހެ، ގިނަގިނައިން ހަނދާންކޮށް ދިނުމަކީ ފަހަރުގައި ފައިދާވެސް ކޮށްފާނެ ކަމެކެވެ.

އާދެ! 29 ބޭކަލުން ބޭރުކުރުމަށް އުފުލާ، “ބޭރުކުރޭ” މިނަޢުރާގެ އަޑަށް އަމަލީ ސިފައެއް ގެނެވިގެން ނޫނީ، “އަވަސްކުރޭ!” އަދި “ހާޒިރުވޭ!” ދެން އަދި “ޒިންމާވޭ! ވަގުތުބޭކާރު ނުކުރޭ! ޖަވާބުދާރީވޭ! ހުތުރުބަހުން އެއްޗެހިނުގޮވާ! ހޯއްނުގޮވާ! އަދަބުވެރިވޭ! އަބުރާނުބެހޭ! އަދިވެސް އަދިވެސް……!” މިއިންކަމަކަށް ގޮވާލާނެ ޖާގައެއް ނެތެވެ. އޮނަތިރީސް ބޭކަލުން ބޭރުނުވާހާ ހިނދަކު މިހުރިހާކަމެއް ވެސް ހިނގާނެއެވެ. އަދި މިބަދަލު ނުގެނެވޭހާ ހިނދަކު، ގާނޫނު އަސާސީ އިސްލާހު ކުރުމައިގެން ކުރިޔަށް ދިއުމުގެ މާބޮޑުބޭނުމެއް ނެތެވެ. ބޮޑުމަޖިލީހަށް މިބަދަލު ގެނެސް އެކަމަށް ބޭނުންވާ ދެތިންމާއްދާއެއް އިސްލާހު ކޮށްގެންނޫނީ، ކުރިޔަށް ގެންދާކަށް ގިނަރައްޔިތުން ބޭނުމެއްނުވެއެވެ. އަޅުގަނޑު ވެސް ބޭނުމެއް ނެވެއެވެ. މިގޮތަށް މިއަޑު ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑުވާނީ އުފުލާފައެވެ.

އާދެ! ބޮޑުމަޖިލީހުގެ ގަވާއިދުގެ، 24 ވަނަ މާއްދާގެ ރޫޙަކީވެސް ފުރަތަމަ ބަދަލެއްގެ ގޮތުގައި މިބަދަލާއެކު، ކުރިޔަށް ގެންދިއުމެވެ. އެމުއައްސަސާ އެކުލެވިގެން ވާގޮތަށް ބަދަލުގެނައުމަކީ، އަސާސީ ސިފަތަކާއި އަސާސީ އުސޫލުތަކުގެ ތެރެއިން ހިމެނޭ އެންމެމުހިންމު އެއްކަމެވެ. ބޮޑުމަޖިލިސް އެކުލެވިގެން ވާގޮތަށް ބަދަލުގެނައުމަކީ، ސީދާ އަސާސީ ސިފައެކެވެ. އަސާސީ އުސޫލެކެވެ. އަދި އެންމެއައުލާކަން ބޮޑުގޮތެވެ. ހަގީގަތަކީ ވެސް ފަހެ، މިއެވެ. ބޮޑުމަޖިލީހުގެ ގަވާއިދުގެ، 24 ވަނަ މާއްދާގެ (ހ) އިންދޭހަވާ ގޮތަކީވެސް އެންމެފުރަތަމަ މިބަހުސްކޮށް އެމުއައްސަސާ އަށް މިބަދަލު ގެނައުމެވެ. ދެން އެއަށްފަހު، އެހެންމާއްދާ ތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމެވެ. އަސާސީ ސިފަތަކާއި އަސާސީ އުސޫލުތަކާ މެދު ގޮތެއް ނިންމުމަށް ބަހުސްކުރުމަކީ، އެމުއައްސަސާ އޮތްގޮތާމެދު ބަހުސްކޮށް ގޮތެއް ނިންމުންކަން ކަށަވަރެވެ. ފަހެ، 24 ވަނަ މާއްދާގެ (ހ) ކިޔުއްވާލައްވާށެވެ.

“ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތާގުޅިގެން މެންބަރުން ޚިޔާލުފާޅުކޮށް މަޖިލީހުން ގޮތްތަކެއް ކަނޑަ އެޅުމަށްޓަކައި ފުރަތަމަ ހުށަހަޅަންވާނީ، ގާނޫނު އަސާސީގައި ހިމެނެންވާނެ އަސާސީ ސިފަތަކާއި އަސާސީ އުސޫލުތަކާ މެދު، ބަހުސް ކުރުމުގެ މައްސަލައެވެ.”

ފަހެ، ދަންނާށެވެ! ބޮޑުމަޖިލިސް އެކުލެވިގެންވާ ގޮތަކީ، ގާނޫނު އަސާސީގައި ކަނޑައެޅިގެން ހިމެނިގެންވާ އަސާސީ ސިފައެއްކަމާއި އަސާސީ އުސޫލެއްކަމާ މެދު، ޝައްކުކުރާނެ ހަމައެކަކުވެސް ހުންނާނެތޯއެވެ؟ ނުހުންނާނެއެވެ! މިމާއްދާއިން ވަރަށް ސާފުކޮށް، ފުރަތަމަ މަޖިލީހަށް ހުށަހަޅަން ވާނީ، އޮނަތިރީސް ބޭކަލުން ބޭރުކުރުމުގެ ބަހުސްކަން ސާފުކޮށް އެނގެއެވެ.

އާދެ! ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީން ހިމާޔަތްކޮށްދޭނީ،  ބޮޑުމަޖިލީހުގައި ހިމެނޭ، 29 ބޭކަލުން ކަމުގައި ވިދާޅުވެ، އެއޮތް ބޮޑުޒިންމާ ގުނާލެވޭ އެފަދަމަދު ބައެއްގެ ބޮލަށް ޙީޞާރުކޮށްލައި ޑީއާރުޕީގެ ޒައީމު، އާންމު ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅު ތަކަކީ، ރައްޔިތުންނަށް ފުރައްސާރަކޮށް މަލާމާތް ކުރެއްވުމެކެވެ. ރައްޔިތުން ފަޟީޙަތްކޮށް ނިކަމެތިކޮށް ލުމެކެވެ. މުޅިރައްޔިތުންގެ ބޮލުގައި އޮތް މުހިންމު ޒިންމާއެއް މަދުބައެއްގެ މައްޗަށް ހަނިކޮށްލައި ރައްޔިތުން، އެމަނިކުފާނަށް އަރުވާފައިވާ އިތުބާރަށް ގޮންޖެއްސެވު މެކެވެ. ދިވެހި ދައުލަތުގެ ދީންހިމާޔަތް ކުރާނީ، ލޮބުވެތި ދިވެހި ރައްޔިތުންނެވެ. ރައީސް މައުމޫނުގެ އޮނަތިރީސް ބޭކަލުންނެއް ނޫނެވެ. އެކަމުގެ ފުރިހަމަ ޒިންމާ ގިޔާމަތަށް ދާންދެން ދިވެހި ރައްޔިތުން އުފުލާނެ ކަމުގެ ގެރެންޓީއަކީ، ސައްތައިން ސައްތަ އިސްލާމުންނަށް ދިވެހިން ވީކަމެވެ. އަދި ރާއްޖެ ދުނިޔޭގައި އޮތްހާދުވަހަކު، ދިވެހީންނަކީ އިސްލާމުންގެ ގޮތުގައި ދެމިތިބޭނެ ބަޔަކަށް ވުމެވެ. ކޮންމެ އަސާސީއެއް ގައިވެސް މިކަންމިގޮތަށް ދިވެހިން ފާހަގަކުރާނެއެވެ. ފަހެ މިކަންކުރާނީ ހުރިހާދިވެހިން އެއްބައިވެ، އެކަތިގަނޑަކަށް ވެތިބެގެންނެވެ. އެއްއަގީދާއެއްގެ މަތީގައި ދިވެހިން ދެމި، ތިބެގެންނެވެ. ދީން ހިމާޔަތް ކުރާނީ، ޑީއާރުޕީގެ ޒައީމެއްނޫނެވެ. އަދި ޒައީމުގެ އޮނަތިރީސް ބޭކަލުންނެއް ވެސް ނޫނެވެ. މުޅި ރައްޔިތުންނެވެ. ހުރިހާ ދިވެހިން ވެގެންނެވެ.

ފަހެ، ދަންނާށެވެ! ޒައީމެވެ! ތިޔަ ކުޑައިމީސް ކުރެއްވީ، އެންމެހާ ދިވެހި ރައްޔިތުންނެވެ. މުޅި ރައްޔިތުންނަށް ވުރެ، ޒައީމުގެ އޮނަތިރީސް ބޭކަލުންނަށް، އިސްކަން ދެއްވީއެވެ. ރައްޔިތުންނަށް ވުރެ މައްޗަށް އުފުއްލެވީއެވެ. އެއީ ކުރެއްވޭނެ ކަމެއްނޫނެވެ. ލޮބުވެތި ދިވެހި ރައްޔިތުން ހޭލާތިއްބާ ރާއްޖޭގެ ދީނާ، އެއްވެސް ބަޔަކަށް ނުކުޅެވޭނެއެވެ. މިކަމަށް ބޮޑުމަޖިލީހުގައި ޖިހާދުކުރިގޮތަށް އަދިވެސް އަޅުގަނޑުމެން މިތިބީ ޖިހާދުކުރާށެވެ. ދީން ހިމާޔަތްކުރާށެވެ. ގާނޫނުއަސާސީ މެދުވެރިކޮށެވެ. ﷲ ގެ އިރާދަފުޅުން، އެއާކުޅެލަން އުޅޭބަޔަކު ޖެހޭނީ، ނިކަމެތިވެ ޒަލީލުވާށެވެ. އަމިއްލައަށް ހަލާކުވާށެވެ. ފަހެ، އެއީ ބަޑިބޭހާކުޅުން ފަދަ ކަމެއްކަން ދަންނާށެވެ. އަބަދުވެސް ހަދާނުގައި ބަހައްޓާށެވެ.

ވީމާ ގޮވާލަމެވެ! ތިޔަވިދާޅުވި ބަސްފުޅު އަނބުރާ ގެންދަވާއި ތައުބާވެ، ރައްޔިތުން ކިބައިން މައާފަށްވެސް އެދެން ޖެހޭނެއެވެ. ދިވެހި ދައުލަތުގެ ދީނަކީ، ދިވެހި ރައްޔިތުން ހިތުގެއަޑިން ގަބޫލުކުރާ އިސްލާމްދީނެވެ. އިސްލާމްދީނާ، އެކަކަށްވެސް ނުކުޅެވޭނެކަން ދަންނާށެވެ. ގިޔާމަތާ ހަމައަށް އިސްލާމްދީން ދެމިއޮންނާނެ އެވެ. އެއީ ޒައީމާއި ޒައީމުގެ، އޮނަތިރީސް ބޭކަލުންނަށް އެކަނި ބާއްވާލެއްވި ދީނެއްނޫނެވެ. ދިވެހިންގެ ދީން ހިމާޔަތްކޮށް ދަމަހައްޓާނީ، އެންމެހާ ދިވެހި ރައްޔިތުން ވެގެންނެވެ. ޒައީމާއި ޒައީމުގެ އޮނަތިރީސް ބޭކަލުން އެކަންޏެއް ނޫނެވެ. އޭ! ﷲ އެވެ! އެންމެހެޔޮ ރަނގަޅުގޮތަށް، 29 ބޭކަލުންގެ މިކަންތައްގަނޑު ނިމި، ރައްޔިތުންގެ ބާރު، ރައްޔިތުންގެ އަތަށް ގެސްދެއްވާއި ރުޖޫޢަކޮށް ދެއްވުން އެދި، ﷲ އަށް އަބަދާއިއަބަދު ގިނަގުނަދުޢާ ދަންނަވަމެވެ! އާމީން!

ރައީސް މައުމޫނުގެ 29 ބޭކަލުން:

1-         އަލްފާޟިލް އަބްދުއްރަޝީދު ހުސައިން.

2-         އަލްފާޟިލް ހަމްދޫން ހަމީދު.

3-         އަލްފާޟިލް އަބްދުﷲ ކަމާލުއްދީން.

4-         އަލްފާޟިލް މަހްމޫދު ޝައުގީ.

5-         އަލްފާޟިލާ އައިޝަތު މުހަންމަދުދީދީ.

6-         ޑޮކްޓަރ މުހަންމަދު ޖަމީލް.

7-         އަލްފާޟިލާ އައިޝަތު އާޒިމާޝުކޫރު.

8-         އަލްފާޟިލް ހުސައިން ހިލްމީ.

9-         އަލްފާޟިލާ ޒާހިޔާ ޒަރީރު.

10-   އަލްފާޟިލް އިބްރާހީމް ސަލީމް ބަންދު.

11-   އަލްފާޟިލާ ފާތިމަތުދިޔާނާ ސައީދު.

12-     އަލްފާޟިލާ މަޒީނާ ޖަމީލް.

13-    އަލްފާޟިލް މުހަންމަދު ޖަލީލު އިރުމަތީގެ.

14-    އަލްފާޟިލް އިބްރާހީމް ޝާފިއު.

15-    ޑޮކްޓަރ ފާތިން ހަމީދު

16-   ޑޮކްޓަރ އަބްދުﷲ މައުސޫމް.

17-     އަލްފާޟިލާ މަރަޔަމް ނޫރައްދީން.

18-      އަލްއުސްތާޒު އަހްމަދު ޒާހިރު ސީނާ.

19-       އަލްފާޟިލާ ރާޝިދާ ޔޫސުފް.

20-       ޑޮކްޓަރ ހަސަން ސައީދު.

21-       އަލްފާޟިލް މުހަންމަދު ސައީދު ރޯޒަރީ.

22-       އަލްފާޟިލް މުހަންމަދު ސަލީމް ހޯރަފުށި.

23-      އައްނަބީލް މުހަންމަދު ވަހީދުއްދީން.

24-       އަލްފާޟިލް މުހަންމަދު ރަފީގު.

25-        ޑޮކްޓަރ އަހްމަދު ޝަހީދު.

26-       އަލްފާޟިލް އިސްމާއީލް ޝަފީޢު.

27-      އަލްފާޟިލް މައުރޫފް ޖަމީލް ދޫރެސް.

28-      އަލްއުސްތާޒު މުހަންމަދު ނަޝީދު ކުއްޓި.

29-       ޑޮކްޓަރ އަހްމަދު ޝަރީފް.

Leave a Reply

Your email address will not be published. Required fields are marked *