2008 ގެ ރިޔާސީ އިންތިޚާބުން ނުކުމެދާނެ ނަތީޖާއެއް.

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2007 ޖެނުއަރީގައި)

ދިވެހިންގެ ލޮބުވެތި ދިވެހިރާއްޖޭގައި، ރިޔާސީ އާދައުރެއް ފެށުމަށް ދެންއޮތީ އެންމެ، 22 މަސްދުވަހެވެ. ބަދަލަކަށް ކާރިވަނީއެވެ. ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސަތުގެ ދައުރު ހަމަވާންއޮންނަ އެންމެފަހު، ފަސްދޮޅަސް ދުވަސް ފެށުމާއެކު، ރިޔާސަތުގެ އާދައުރަށް މީހަކު އިންތިޚާބުކޮށް ރިޔާސަތުގެ ދައުރު ހަމަވުމުގެ ހަތްދުވަސް ކުރިން އިންތިޚާބާ ބެހޭ ހުރިހާކަމެއް ނިންމަންވާނެ ކަމަށް އަސާސީއާއި ގާނޫނުތަކުގައި ބުނެއެވެ.

ފަހެ، ދަންނާށެވެ! ރައީސް މައުމޫނު ފުރަތަމަ ފަހަރަށް ދިވެހި ރާއްޖޭގެ ވެރިކަން، 1978 ވަނަ އަހަރުގައި ރައްޔިތުންގެ ކުލުނާއި ލޯތްބާއި ރުހުމާއެކު، ވަރަށްމަތީ އަޣްލަބިއްޔަތެއްގެ ދަށުން ކާމުޔާބު ކުރެއްވުމަށް ފަހު، އެންމެފުރަތަމަ ވެސް އެޅުއްވި ފިޔަވަޅަކީ، އޭރުއޮތް ގާނޫނު އަސާސީ، ރަނގަޅުނޫން ކަމަށް ވިދާޅުވެ، އިސްލާހުކުރުމުގެ ނަމުގައި އެއަސާސީ އެއްފަރާތް ކޮށްލެއްވުމެވެ. ފާޑަކަށް ސަސްޕެންޑް ކޮށްލެއްވީއެވެ. އޭރުން އެބަލައިގެން ހައްގުތައް ލިބިގަންނަން މަސައްކަތް ކުރާނެ ބަޔަކު ނުތިބޭނެއެވެ. އެދުވަސްވަރު އަސާސީ ބަލާލަން ލިބެނީވެސް ސަރުކާރުގެ މަތީފެންވަރުގެ ވަރަށް މަދުބަޔަކަށެވެ. ފަހެ، 1968 ނޮވެންބަރުމަހު، 11 ވަނަ ދުވަހުން ފެށިގެން ދިވެހިން ޢަމަލުކުރަމުން އައި ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ކަމުނުގޮސްގެން، އެ އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ރައްޔިތުންގެ ޚާއްސަ މަޖިލީހެއް ހޮވައި، އެމަޖިލީހާ މަތިކުރެއް ވިއެވެ. ސަތާރައަހަރު ދުވަހުގެ ދިގުމުއްދަތެއް ނަގައިގެން، ބުރަމަސައްކަތާ އެކު، މިގެނެވުނު މަޝްހޫރު ބޮޑު އިސްލާހު ވެގެންދިޔައީ ދިވެހި ތާރީޚު މިހާތަނަށްދުށް، ދިވެހިންގެ ގާނޫނު އަސާސީއަށް ގެނެވުނު އެންމެބޮޑު މަޝްހޫރު އިސްލާހަށެވެ. މިކަމަށް މިހާގިނަދުވަސް ނެގީ، ވެރިކަން ސާބިތުކޮށް ވަރުގަދަ ކުރުމުގެ މަސައްކަތްގަނޑު އަޑިއަޑިން ރާވާއި ވަރުގަދަކޮށް ހިންގުމަށެވެ. 17 އަހަރު ދުވަސް ނެގި، މިބޮޑު މަޝްހޫރު އިސްލާހު ވެގެން ދިޔައީ، ރައީސް މައުމޫނުގެ ސަރުކާރު ހަރުދަނާކޮށް ވަރުގަދަކުރަން ބޭނުން ކުރެއްވި ހަކަތައަށެވެ. ފަހެ، މިކަމުން ދިވެހި ދައުލަތަށް ލިބުނު ފައިދާއަށްވުރެ، ބޮޑު ދިރުމެއް ލިބިގަތީ، ރައީސް މައުމޫނުގެ ސަރުކާރު ދުޅަހެޔޮކޮށް ފަލަކޮށް މަސްޖެއްސު ވުމަށެވެ. ވެރިކަމުގައި ތިއްބެވި ބޮޑުންނާއި ވެރިކަމަށް ތާއީދުކުރާ ބޮޑުން، ރައްޔިތުންގެ ހައްގުމުދާ ކަމުގައިވާ ފަޅުރަށްތަކާއި ބިންތަށް ވެރިކޮށް އަމިއްލަ ބާރުގެދަށަށް ގެނައުމަށެވެ. މިއީ ފިއުޑަލިޒަމެވެ. އިޤްޠާޢީ ނިޒާމަށް ވާރުތަވުމެވެ. ފަހެ، މިދުޅަހެޔޮ ސިއްހަތުގެ ހަކަތައާއި ބުންވަރުން ރައީސް މައުމޫނު ހޯއްދެވި، ނަތީޖާ ކާމިޔާބުކަމުން، ފަސްއަހަރުގެ ހަދައުރު ފުރިހަމަ ކުރެއްވިއެވެ. 30 އަހަރު ދުވަހުގެ މުސްކުޅި ވުމެއް ނެތް، ދުޅަހެޔޮ ސިއްހަތެއް ލިބިގަތް ދުނިޔޭގެ މަޝްހޫރު ލީޑަރަކަށް ވެއްޖެއެވެ. ދުނިޔޭގެ ފެންވަރުގައި އަރާހުންނެވި، ގިނަވާހަކަ ދަށްކަވާ، ހައްދަވާ ޢިލްމީ ލީޑަރަކަށް ދުނިޔޭގެ ފެންވަރުގައި ވެއްޖެއެވެ. މިއީ އެދުވަސްވަރުގައި ޚިޔާލު ކުރެވުނު ވަރަށް ވުރެވެސް މާކުރިއެވެ. މާމަތީ ވަނައެކެވެ. ހީނުކުރެވޭ ވަރުގެ، މާބޮޑު ކާމިޔާބީއެކެވެ. ސަތޭކައިން ސަތޭކަތިރީސް މާރކްސް ހޯއްދެވީއެވެ. ފުރަތަމަ ފަހަރަށް އިންސާނަކު، ހަނދަށްކުރި ކާމިޔާބު ދަތުރަށް ލިބުނު، މާރކްސްފަދަ ކާމިޔާބާއި އުފާތައް ފަދައެވެ. ދިވެހި ލޮބުވެތި ރައްޔިތުން ބައިބަޔަށް ވިސްސި ވިހާލިކޮށް ބައިތިއްބައިގެން، ބޮޑުންގެ އަރިހަށްގޮސް ސަލާންޖަހާ މީހާއަށް ބައިއަޅައިދީގެން، ފިއުޑަލިޒަމުން ނެރުއްވި ހަގީގީ އަސަރެއް، ވަހެއްނެތް ކުލަގަދަ ނަތީޖާއެވެ. މިނަތީޖާއަކީ، ވަހެއްނެތް ކަރުދާސްމަލެއް ފަދަކަމެކެވެ. ބޭރަށް ވަރަށް ޒީނަތްތެރިކޮށް ފެނެއެވެ. އެހެނަސް އެތެރޭން ރައްޔިތުންނަށް ލިބެމުން ދިޔައީ ބޮޑެތި އަނިޔާއެވެ. ދުވަހަކުވެސް ރައްޔިތެއްގެ ހިތުން ފިލައިގެން ނުދާނެ ހިތިއަސަރު ތަކެވެ. އިޤްޠާޢީ ނިޒާމެއްގައި ފެންނާނެ ހުރިހާ ހިތިކަމެއް ރާއްޖޭގައި އެބަތަޖްރިބާ ކުރެވެއެވެ. ފަހެ، ދުނިޔެ ތަރައްގީވެ ކުޑަވަމުން ގޮސް، ކުނބުރެއްހެން ވަށްވެ، ގްލޯބަލައިޒްވެ ހުޅުވެމުން ދިޔަލެއް ހަލުއިކަމުން، ރައީސް މައުމޫނުގެ ވެރިކަމަށް ލިބެމުންދިޔަ އަނަރޫފަކަން، ޒަމާނާއެއްގޮތަށް ދުޅަހެޔޮކަމަށް ބަދަލުކޮށްލައި ވެރިކަމުގައި، 30 އަހަރު ދުވަސް ފުރިހަމަކޮށް ލުމުގެ އަމާޒަށް ވާސިލް ވުމަށްޓަކައި އަނެއްކާވެސް ޖެހިވަޑައިގަތީ، އެއްކަލަ 17 އަހަރުގެ ދިގު މުއްދަތުގައި އިސްލާހުކުރެއްވި، މަޝްހޫރު “ބޮޑު ގާނޫނު އަސާސީ” އަލުން އިސްލާހު ކުރުމަށްޓަކައި މޮޅުފަރުމާ ތަކެއް ފަރުމާ ކުރައްވާށެވެ. މިފަހަރު މިކަން ކުރެއްވީ، އަނިޔާވެރިވެ ބަދުނާމުވެފައިވާ ސަރުކާރުގެ މޫނުމަތި ރީތިކޮށްދޭން ދުނިޔޭގެ ފެންވަރުގައި އަގަށް، މަސައްކަތްކުރާ ބިދޭސީ ކުންފުންޏެއްގެ އެހީގައެވެ. ދައުލަތުގެ ބައިތުލްމާލުން ރައްޔިތުންގެ ހުއްދައެއްނެތި އެދިރާސާ ހަދައިދިން ޖަމާއަތަށް ބައިވަރުފައިސާ، މިލިޔަނުން ޚަރަދު ކުރައްވާފައި ވެއެވެ. ބިދޭސީ މިގްރޫޕްލައްވާ ކުރެއްވި މަސައްކަތަކީ، ސަހުޔޫނީ ޔަހޫދީން ފަރުމާކޮށް ފަލަސްތީނު ރައްޔިތުންނަށް ދެއްކި ކަހަލަ މޮޅުވަށްތަރެއްގެ “މަގުޗާޓެއް” ދިވެހި ރައްޔުތުންނަށް ވެސް ކުރަހައި ފަރުމާކޮށް ދިނުމެވެ. މިމަގުޗާޓު ފަރުމާ ކުރެއްވުމަށް ރައީސް މައުމޫނު ދިވެހި ރައްޔިތުންނަށް ނެރެދެއްކެވީ، ޒުވާންތަޢުލީމީ އިލްމުވެރިން ތަކެކެވެ. ޕީއެޗްޑީ ހޯލްޑަރުން ތަކެކެވެ. އެއީ ނިއުމޯލްޑިވްސް ގެ ނަމުން ދިވެހިންގެ ތެރޭގައި މަޝްހޫރުވެގެން ދިޔަ ބޭފުޅުން ކޮޅެވެ. ފަހެ، ބިދޭސީ ޔަހޫދީންގެ އެހީގައި، ރައީސް މައުމޫނު ފަރުމާކުރެއްވި މިމަގުޗާޓަށް، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ތަޅުމުގައި އަޅުގަނޑު ދީފައިވާ ނަމަކީ، މިއީ ރައްޔިތުންގެ ގިސްލުމުގެ އަޑުފަށްގަޑު ގަދަކަމުން، ކުޑަކުދިން ރޯންފެށީމާ، ނާނާކިޔާއި ލޮއްސުމަށް ދައްކާކަންތައް ފަދައިން، ދިވެހި ރައްޔިތުންނަށް ދެއްކި އޮޅުވާލުމުގެ “ބޮޑުޖާދޫއެއް” ކަމަށެވެ.

ފަހެ، ދަންނާށެވެ! ރައީސް މައުމޫނުގެ މަގުޗާޓަކީ، ބޮޑުޖާދޫއެކެވެ. ތިންވަނަ ދުނިޔޭގެ ގައުމުތަކުގެ މަގުތައްމަތީގައި ރާމާމަކުނެއް ނުވަތަ ސާރިދޯޅެއް އޮޅުކޮށްގެން، ރައްޔިތުންނަށް ޖާދުވީ މުނިފޫހި ފިލުވުންތަށް ދަށްކާބަޔަކު އުޅެއެވެ. މިބައިމީހުންނަށް ކިޔައިއުޅެނީ، “މަދާރީން” ނެވެ. އާދެ! މަދާރީ ސާހިބެވެ. ފަހެ، މަދާރީން އަމިއްލައަށް ފަރުމާކޮށް، ދަށްކާހަދަނީ، ހަގީގަތެއްނޫނެވެ. މުޅިންވެސް އޮޅުވާލުމެވެ. ބޮޑެތިޖާދޫއެވެ. މިފަދަ މަދާރީންގެ ދިރިހުރުމާއި މަރުވުމާއި ހުރިހާ އެއްޗަކީ ވެސް އަމިއްލަ އެދުމާއި ބާރާއިނުފޫޒެވެ. މާއްދިއްޔަތެވެ. އެހެން އެންމެންވެސް އަޅުވެތި ކޮށްގެން، ކައިބޮއި ހަދައިގެން އުފަލުގައި އުޅުމެވެ. ޖާދޫ ދަށްކައިގެން އެހެންމީހުންގެ މުދާކޮޅާއި ފައިސާކޮޅު އޮޅުވާލުމެއްގެ ތެރޭގައި ދަމައިގަތުމެވެ. ވެރިކޮށްލުމެވެ.

ފަހެ، ދަންނާށެވެ! ސަހުޔޫނީ ޔަހޫދީން ފަލަސްތީނު ރައްޔިތުންނަށާއި މުޅިދުނިޔެއަށް، ތަރައްގީއާއި އަބާދީ އެއްފަސް ކުރުމުގެ ނަމުގައްޔާއި މަގުޗާޓެއް ފަރުމާކޮށް ދެއްކީ، ބޮޑުއޮޅުވާ ލުމެއްގެ ތެރޭގައި ސިޔާސީ މަގްސަދު ތަކެއް ހާސިލްކުރުމަށެވެ. ފަލަސްތީނުގެ ހަގީގީ އަހުލުވެރިން ކަމުގައިވާ އިސްލާމުން އިނދަޖައްސާ ލުމަށެވެ. ފަލަސްތީނުގެ ދައުލަތެއް ތިންވަނަ ހަރަންފުޅު ކަމުގައިވާ ބައިތުލް މުގައްދިސް، މަސްޖިދުލް އަޤްޞާ އާއެކު، މެދުއިރުމަތީގައި ގައިމުވިޔަ ނުދޭށެވެ. އަދި، ޔަހޫދީން ކުރިޔަށްނެރެ ފަލަސްތީނުގެ ބިމުގައި ވަޒަންވެރި ކުރުވުމަށެވެ. ދުނިޔޭގެ އެތަން މިތާގައި ވިއްސިވިހާލި ވެފައި ތިބި، ގިނަ އަދަދެއްގެ ޔަހޫދީން ފަލަސްތީނުގެ ބިމަށް ގެނެސް ޖަމާކޮށް، އެއްކުރުމަށެވެ. އަދި އެބިމުގައި ޔަހޫދީ ދައުލަތެއް ގައިމުކޮށް ދިނުމަށެވެ. އަދި ގިރިޓީކޮށްފައިވާ މަގުޗާޓެއް ޔަހޫދީންނަށް ދެއްކުމުގެ އެންމެ ވަރުގަދަ މަގްސަދަކީ، ބޮޑު އިސްރާއިލު ވުޖޫދަށް ގެނައުމަށެވެ. އޭރުން ތިންވަނަ ހަރަމްފުޅާއި މަދީނާމުނައްވަރާގައި ހުންނަދެވަނަ ހަރަމްފުޅު ކަމުގައިވާ މަސްދިދުއް ނަބަވީ، ހަރަމްފުޅުވެސް ހުންނާނީ، ޔަހޫދީންގެ މަގުޗާޓުން ދަށްކާ ބޮޑު އިސްރާއީލުގެ ދަށުގައެވެ. ފަހެ، ދަންނާށެވެ! ހަމައެފަދައިން މިއަމަލުތަކުން އިބުރަތާއި ފިލާވަޅު ލިބިގަނެގެން، އަޅުގަނޑު މެންނަށް ފަރުމާކޮށް ކުރަހައި ދީފައިވާ މަގުޗާޓަކީ ވެސް ބޮޑު އޮޅުވާލުން ތަކެކެވެ. މޮޅުޖާދޫއެކެވެ. ފަހެ، އެޗާޓުގެ ފަހަތުގައި ފޮރުވިފައިވަނީ، ބޮޑެތި ސިޔާސީ މަގްސަދު ތަކެވެ. އެއީކީ ދުވަހަކުވެސް ހަގީގަތަކަށް ހެދޭނެ ޗާޓެއްނޫނެވެ. އެހުންނަނީ ރައްޔިތުންގެ ގައުމީ އިހްސާސްތައް އޮއްބާލުމަށް ދަށްކާ ބޮޑުޖާދުވީ ހުވަފެންތަކެވެ. ބޭނުމަކީ، އެފަދަ ޖާދޫތައް ދަށްކައިގެން، އަމިއްލަ އިތުބާރު ލިބިގަތުމާއި ފަސޭހައިން ސިޔާސީ ކަންތައްތައްކޮށް ނިންމާލުމަށް މަގުފަހި ކުރުމެވެ. ފޮރުވިފައިވާ ސިޔާސީ މަގްސަދުތައް ހާސިލްކުރުމެވެ. އަމިއްލަ ސަރުކާރު ބިޔަކޮށް ވަރުގަދަ ކުރުމެވެ. ދާންވީމަގުން ގެންގޮސް ހޯދެންހުރި ރީތިނަމަކާއި ނަތީޖާއެއް ހޯދުމަށްފަހު، އެކަމުގެ ބަދުނާމެއް ނުވަތަ ގޯހެއް ނުކުމެއްޖެ ނަމަ، ކޮންމެވެސް ބައެއްގެ ނުވަތަ މީހެއްގެ ބޮލުގައި އެބަދްނާމު އެޅުވުމަށް ފަހު، އެބަޔަކު ނުވަތަ އެމީހަކު ގުރުބާންކޮށް ލުމެވެ. ހަލާކުކޮށް ލުމެވެ. ދުވަސް ދުއްވާލުމެވެ. އަދި އެންމެފަހު ވަގުތު ހުރިހާބާރެއް، މުށު ތެރޭގައި އޮންނަގޮތަށް ގަރާރުތަކުން ކަންތަށް ކޮށްލުމަށް ފަރުމާކޮށް ފައިވާ ބޮޑު ޖާދޫއެއްކަމަށް ބެލެވިއްޖެއެވެ. ސާބިތު ވެއްޖެއެވެ. މިވާހަކަތައް ވަރަށް ތަފްސީލުކޮށް ބޮޑުމަޖިލީހުގެ ތަޅުމުގައި އަޅުގަނޑު ވާނީ ހާމަކޮށްދީފައެވެ. އަޑުގަދަކޮށް ގޮވާފައެވެ. ހަމަ ގައިމުވެސް ފަލަސްތީނުގައި ފެނިސާބިތު ވެފައިވަނީ، މިމަންޒަރެވެ. މަގުޗާޓުގައި އެބުނާ، ލިބަރަލް ޑިމޮކްރަސީގެ ދަށުންބޭއްވުނު އިންސާފުވެރި އިންތިޚާބެއްގައި ވާދަކޮށްގެން ރައްޔިތުންގެ އަޣްލަބިއްޔަތު ހޯދި ހަމާސް ޖަމާޢަތަށް ހިންދެމިލާނެ މަގެއް ނުދެއްކިއެވެ. އީޔޫއާއި އިނގިރޭސިންނާއި އެމެރިކާގެ ޔަހޫދީ ޖަމާއަތްތަކުގެ އޮބްޒާވަރުން މޮނިޓަރ ކުރަންތިބެގެން ބޭއްވުނު އާންމު އިންތިޚާބުގައި ކުރިހޯދީ ހަމާސް ޖަމާއަތުންނެވެ. އިންސާފު ވެރިކޮށް ކާމިޔާބު ހޯދައިގެންނެވެ. އެހެނަސް ފަތަހަ ޖަމާއަތް ބަލިކޮށް، ހަމާސް ޖަމާއަތަށް ކުރިލިބުނީމާ ހުރިހާކަމެއް ގޯސްވީއެވެ. ޣައްޒާއަށް ބޮންއަޅަން ފެށީއެވެ. ފަހެ، ހުޅަގުން އެބުނާ ތަހުޒީބީ ޑިމޮކްރަސީ އަކީ، މިއީތޯއެވެ؟

އާދެ! ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ގާނޫނުތައް ނުހެދިގެން، ރައްޔިތުންގެ ޚާއްސަ މަޖިލީހުން ހަދަންޖެހޭ ގާނޫނު އަސާސީ، ކަނޑައެޅިފައިވާ މުއްދަތަށް ނުހެދިގެން، މަގުޗާޓުގައި ވާގޮތަށް އިސްލާހު ގެންނެވުމުގެ ކަރާމާތްތެރި، މާތް މަގްސަދުގައި އެންމެފަހު ވަގުތު، ދަނޑިވަޅާއި އިރުވަރަށް ބެލުމަށްފަހު، ގަރާރެއް ނެރުއްވައިގެން ބޮޑެތި ޖާދޫދެއްކި ދާނެއެވެ. ފަހެ، ރައީސް މައުމޫނަށް މިފުރުސަތުގައި ދަންނަވާލަން އޮތީ، މިކަހަލަ ޖާދޫއެއް ރައްޔިތުންނަށް ދެއްކޭނީ، ދުނިޔެ މިހާބޮޑަށް ހުޅުވިފައިވާ ޒަމާނެއްގައި ވަރަށް ކެރިވަޑައި ގެންނެވެ. އަދިވެސް އިތުރަށް ޚުދުމުޚްތާރުވެ އިސްތިބްދާދު ވެގެންނެވެ. ފަހެ، ނިއުމޯލްޑިވްސްގެ ޒުވާން ލީޑަރުންނާއެކު ބައިނަލްއަގްވާމީ މުޖްތަމައުން ގުޅާއި ވާހަކަ ދަށްކަމުން ގެންދާނެއެވެ. އިދިކޮޅު ފަރާތްތަކާއެކު، ވާހަކަތައް ދެކެވޭ ފަދައިންނެވެ. ހަމައެފަދައިން ރައީސް މައުމޫނާއެކު ވެސް އަޑިއަޑިން ގުޅުންތަކެއް ހިންގުމަށް އިނގިރޭސިން އެދޭނެ ހިސާބަށް ތިލަވާތަން އަންނާނެކަން ކަށަވަރެވެ. ނިއު މޯލްޑިވްސް އާއި ރައީސް މައުމޫނާއި އިދިކޮޅު ޓީމާއެކު އިނގިރޭސިންގެ ހާޒިރުގައި، މިތިންފަރާތާ ސިއްރުވާހަކަ ތަކެއްދެކެވި އެއްބަސްވުން ތަކަކާ ހަމައަށް ދިއުމަކީ ވެސް ސިއްރިއްޔާރުގައި ވެދާނެކަމެކެވެ. ދުނިޔޭގައި މިފަދަ ކަންތައް ހިނގާފައި ވާލެއް، މަދެއްނޫނެވެ.

ފަހެ، ދަންނާށެވެ! އަސާސީންނާއި ގާނޫނުތަކުން ރައްޔިތުންނަށް ބާރެއްނެތްހާ ހިނދަކީ، ހުރިހާބާރެއް ވެރިމީހާގެ މުށުތެރޭގައި ގެންގުޅުމެވެ. ގަރާރުތައް ނެރެ، ގަރާރުތައް އުވާލައި ހެދިދާނެއެވެ. ނިއު މޯލްޑިވްސް އެކުގައި ސަރުކާރުން ބޭރުކޮށްލެވި ދާނެއެވެ. ސަރުކާރުގައި ކުރިޔެކޭ އެއްގޮތަށް ތިބޭނީ، ހަމައެކަނި އޯލްޑް މީހުންނަށް ވެސް ހަދާލެވި ދާނެއެވެ. ފަހެ، އެއީ ރައީސް މައުމޫނުގެ ރާޒުވާ ކުޅުއްވުމެކެވެ. ބޭނުންފުޅުވާ ގޮތަކަށް ޒީނަތްތެރިކޮށް ޖަރީކޮށްގެން ބައިނަލް އަގްވާމީ މުޖްތަމައަށް ދެއްކި ދާނެއެވެ. ދުނިޔޭގެ ބޮޑެތިބާރުތަކުގެ ރުހުން ބޭރުފުށުން ހޯދިދާނެއެވެ. އެހެނަސް މިކަހަލަކަމެއް ކުރެއްވުމުގެ ކުރިން ދެނެގަތުން މުހިންމީ، އެމީހުން އަޑިންތިބޭނީ އިދިކޮޅު ޖަމާއަތާ އެކުގައި ކަމެވެ. ޚާއްސަކޮށް އިނގިރޭސިންނާއި އީޔޫއާއި އެމެރިކާ އެވެ.

އާދެ! މަދާރީ ސާހިބަށް ރާމާމަކުނާއި ސާރިދޯޅު ލައްވާކިތަންމެ ވަރަކަށްވެސް ނެއްޓުވި ދާނެއެވެ. ޖާދޫދެއްކި ދާނެއެވެ. އޭރުން ވަގުތުޖެހޭއިރު، މަލްޓިޕާޓީ އިލެކްޝަނެއް، ގަރާރެއްގެދަށުން ބާއްވާނެއެވެ. ފަހެ، މިވަށްތަރަށް ރައީސް މައުމޫނުގެ ގަދަބާރުން ގެންދަވައިފިނަމަ، ވާނެގޮތަކީ، ޒަޢީމާވާދަ ކުރައްވަން މިފަހަރު ތިއްބަވާނީ، ވިންޓަރ ޝަރީފާއި ނަޒީރުޖަމާލާއި ބޮޑުކާށި ދޮންމަނިކުމެން އެކަންޏެއް ނޫނެވެ. އެދުވަހަކުން ތިއްބަވާނީ، ސިޔަސީ ޕާޓީތަކުން ވަޑައިގެން ތިއްބެވި، ގަދަފަދަ ލީޑަރުން ކަމުގައިވާ، އައިޑީޕީން ދޮންޖޭމު އުމަރާއި ޢަދާލަތުން ފަހަރުގައި ހުސައިން ރަޝީދު އަހްމަދާއި އެމްއެސްޑީޕީން ރީކޯ އިބްރާހީމް މަނިކުމެން ފަދަ، ބޭރުދުނިޔެއިން ގަބޫލުކުރާނެ، ސިޔާސީ ލީޑަރުންނެވެ. އިދިކޮޅު ބޮޑުޕާޓީން ނުކުންނަވާނީ، މުހަންމަދު ނަޝީދު އަންނިއެވެ. ދެންތިއްބެވި ޑޮކްޓަރ ވަހީދުމެން ކަހަލަ އިލްމީލީޑަރުން އުފައްދަވަން އުޅުއްވާ ޕާޓީތަކަށް، ތިންހާސް މީހުން ހަމަކުރުން ވެގެންދާނީ އަރަތަކަށެވެ. ވަކި ހިސާބަކުން ގަރާރެއްނެރެ، އާބާދީގެ ނިސްބަތުން މިހާރު ސިޔާސީ ޕާޓީތައް ގިނަވެއްޖެ ކަމަށްބައްލަވައި އިތުރުޕާޓީއެއް އުފެއްދުމުގެ ފުރުސަތު ނުދެއްވުމަކީ ވެސް މިވަށްތަރުގައި ދޮރު ހުޅުވިފައި އޮތްކަމެކެވެ. އަދި ފަހުގެ ވަގުތެއްގައި ހަގީގީ ސިޔާސީ ލީޑަރުންނަށް، މިނިވަން ކެނޑިޑޭޓުންގެ ގޮތުގައިވެސް ކުރިމަތި ނުލެވޭނެ ގޮތަށް ގަރާރެއްނުކުމެ، އެފަދަ ލީޑަރުން އެކިޕާޓީތަކަށް އާދޭސް ކޮށް ދުވަންޖެހި، ނަތީޖާއަކަށް ވެގެންދާނީ، ގިނަޕާޓީވާދަކުރާ އިންތިޚާބެއްގައި ސިޔާސީޕާޓީ ތަކުން ވާދަކޮށް، ހޮވިގެންދާނީ ޑީއާރުޕީގެ ޒައީމެވެ. ރައީސް މައުމޫނެވެ. ރައްޔިތުންރުހޭ ރައްޔިތުންގެ ލޮބުވެތި ޒަޢީމެއް ހޯދުން އޮންނާނީ، ގާނޫނު އަސާސީ އިސްލާހުވެ ނިމި، އެކުގައި ފާސްވެނިމުނު ދުވަހަކަށް ލަސްކުރެ ވިފައެވެ. ގާނޫނުތައް ހެދި ފާސްވެ ތަސްދީގު ކޮށް، ނިމޭދުވަހަކަށް ލަސްވެފައެވެ. ގަރާރުތަކެއްގެ އެހީގައި ބާރުލިބިގެން އެކާވީސްވަނަ ގަރުނުގައި މުޅި ދުނިޔެއަށް ފެނިގެންދާނީ، ތަހުޒީބުވެފައިވާ، ލިބަރަލް ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް ގެނެސް ގިނަޕާޓީތަކަކުން ވާދަކޮށްގެން ބާއްވާ، އިންތިޚާބެއްގައި ވާދަކޮށް އަނެއްކާވެސް ރައީސް މައުމޫނުގެ ސަރުކާރު ދުޅަހެޔޮ ސިއްހަތެއްގައި މަސްޖަހައި ފަލަވާތަނެވެ. ހަތްވަނަރިޔާސީ ދައުރުގެ ގޮތުގައި އާދައުރަކަށް އުސްއަލިތަކަކާ އެކު އާއުދަރެހަކަށް ނިކުންނަވާ ތަނެވެ. ހުރިހާ އެއްޗަކާއި ހުރިހާ ކަމެއްގެ ބަފާގެ ގޮތުގައެވެ. މިހާތަނަށް މިލްކު ނުކުރެއްވި އޮތް ޑިމޮކްރަސީގެ ބައްޕަގެ ލަގަބުވެސް އޭރުން މިލްކުކުރެ ވުނީއެވެ. ފަހެ، މިހާ ހަމައިން، މަދާރީ ސާހިބުގެ ހުރިހާ މަގްސަދެއް ހާސިލްކުރެ ވުނީއެވެ. އަނެއްކާވެސް 5 އަހަރު، އަމިއްލަ ސަރުކާރުގައި ލޮކި މަސްޖައްސުވާއި ފަލަކޮށްލުމަށް އިތުރުއަހަރުތަކެއް ލިބުނީއެވެ.

އާދެ! މަދާރީ ސާހިބުގެ ޖާދޫނިމުމުން، އެންމެންވެސް ސަލާންކުރެވުނު ގޮތަކަށް ރާމާމަކުނާއި ސާރިދޯޅާއެކު މަދާރީ ސާހިބާ ސަލާން ކުރާނެއެވެ. ސަލާން ކުރަންވެގެން އެކަކު އަނެކަކު ކޮށްޕާގަޅުވާ ހަދާނެއެވެ. އަދި ފައިސާއަޅާނެ ކަޓޫރާއެއް ނަމަވެސް އެއްޗެއް ދިއްކޮށްލާނެއެވެ. އެންމެން ފިއްތާގަޅުވަމުން އެމީހެއްގެ އަތުގައި އޮތްވަރަކުން ފައިސާ އަޅާނެއެވެ. އުފަލުން، އެންމެން އަތްތިލަބަޑިޖަހާއި ހަރުއަޑުން ހީހަދާނެއެވެ. އުފަލާއި ރުހުމާއެކު، އަތުގައި އޮތްއެއްޗެއް ވިއްޔާ މަދާރީ ސާހިބަށް، ވެދުމަށް އަރުވަންވީއެވެ. ފަހެ، މިހިސާބުން މަދާރީސާހިބުގެ ޝޯ އެހިނދަށް ނިމުނީއެވެ. މުޅިން ނިމޭނީ، މަދާރީކަލޭގެ މަރުވި ދުވަހަކުންނެވެ. ނުވަތަ އާދަޔާޚިލާފު ކޮންމެވެސް އެހެންގޮތެއް ނުވަތަ ކާރިސާއެއް ފަދަކަމެއް ނުވަތަ ތަބީޢީކަމެއް މެދުވެރި ވެގެންނެވެ. އޭ! ﷲ އެވެ! އަޅަމެން ދިވެހީންނަށް ހެޔޮބުއްދިއާއި ވިސްނުން ދެއްވާއި ނުބައިނުލަފާ ރޭވުންތައް ބޭޒާރު ކުޅައުމުގެ ކުޅަދާނަކަން އަޅަމެންނަށް ދެއްވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *