ރައްޔިތުން ބައިބައިކޮށްގެން ވެރިކަން ހިންގުމުގެ ސިޔާސަތު.

އިލްޔާސް ހުސައިން އިބްރާހީމް. (ލިޔުނީ: 2006 ގައި)

ދިވެހިރާއްޖޭން މިފެންނަނީ، ދުނިޔެމަތީގެ އެންމެ ގަދީމީ ދުވަސްވަރަށް ވާރުތަކުރާ، ވަރަށް ޖާހިލުކަން ބޮޑު، ވެރިކަން ކުރުމުގެ ވަށްތަރެކެވެ. ޖާހިލިއްޔަތާ ސީދާކޮށް ގުޅުންހުރި ރައްޔިތުން ބައިބަޔަށް ބައިތިއްބައި ގެން ވެރިކަން ހިންގުމުގެ ނިޒާމު ދިވެހި ރާއްޖެއަށް، ވާރުތަކޮށް ފައިވަނީ، މިޞްރުންނެވެ. މިއީ ވަރަށް ގަދީމީ އަދި އަނިޔާވެރިކޮށް ވެރިކަންކުރުމުގެ ސަގާފަތެކެވެ. އަޒްހަރު ޔުނިވަރސިޓީގެ ޢިލްމުވެރިންގެ އަތްމައްޗަށް ރާއްޖޭގެ ވެރިކަން، ދިވެހި ރައްޔިތުން ދޫކޮށްލީ، ވަރަށް އުފަލާއެކު ހިތްހަމަޖެހިގެން ތިބެއެވެ. ޢިލްމުވެރި ދަންނަބޭކަލުން ތަކަކަށް ވާތީއެވެ. ބަނގުރާ ބޯމީހާއާއި ވިއްކާމީހާއާ ގުދަންކޮށް ގެންގުޅޭ މީހާއާ އެއްވަރުކަމަށް ފަތްވާދެއްވާފައި ވާތީއެވެ. ރައީސް މައުމޫނުފަދަ ދަންނަބޭކަލެއް ވެރިކަމަށް ގެނެސްގެން، ފޮނިފޮނި އުންމީދުތަކެއް ހާސިލު ކުރުމުގެ ބޭނުމުގައެވެ. ރާއްޖޭގެ ވެރިކަމުގައި އޮތް، އިސްލާމް ދީނާދުރު އަނދިރި ކަމަކުން، ގަދަ އަލިކަމަކަށް ބަދަލުކޮށް ލުމުގެ ބޭނުމުގައެވެ. އަޒުހަރު ޔުނިވަރސިޓީން އިސްލާމީ ޝަރީޢަތް އަރަބިބަހުން، އުގެނިގެން ތިއްބެވި ބޭފުޅުން ކޮޅެއްގެ އަތްމަތިން ފެނިގެންދާނެ ތަހުޒީބީ ވެރިކަމުގެ ނިޒާމެއް، ބޭނުންތެރި ވިލެއް ބޮޑު ކަމުންނެވެ. ލާމަރްކަޒީ އުސޫލުން ބާރުތައް ބަހާލައިގެން، އެއްބައެއް ވަންތަކަމުގެ ހަރުދަނާ އުޚުއްވަތްތެރި ނިޒާމެއް ހިންގާނެ ވެރިކަމުގެ ސިޔާސަތެއްގެ ބޭނުމުގައެވެ. ފަހެ، މިއީ ހަގީގަތެވެ. އޭރު ދިވެހި ރައްޔިތުން، ރައީސް މައުމޫނު ބަލައިގަތް ގޮތެވެ. ކަންތައް މިހެންއޮތަސް، ވެރިކަމުގެ ބާރުގައި 28 އަހަރުވީ އިރުވެސް އަޒުހަރުގެ ގްރެޖުއޭޓުންނަށް ދެއްކިފައިވަނީ، ރައްޔިތުން ބައިބަޔަށް، އަޅާއި ބަހާލައިގެން ވެރިކަން ކުރުމުގެ އެންމެ ޖާހިލީ ވަށްތަރެވެ.

އާދެ! ޝައްކެއްނެތެވެ! ރައީސް މައުމޫނު މިސްރުން ދަސްކުރެއްވި ވެރިކަމުގެ ނިޒާމަކީ މިއީއެވެ. ޒަމާނީ ތަހުޒީބަށް ފެންބޮވާފައިތިބި، ރާއްޖޭގެ ރައްޔިތުންނަށް ވިއްކާއި އަށަގެންނުވި، ވެރިކަމުގެ ސިޔާސީ ނިޒާމް، މިއޮތީ ހުރިހާ ދިވެހިންގެ ކުރިމަތީގައި ވަރަށް ރީއްޗަށް ފެންނާށެވެ. ދިވެހީންނަށް މިހާރުވަނީ، ގިނަދުވަސް ތަކެއްގައި ތަޖްރިބާ ކުރެވިފައެވެ. އަތުން ހިފާފައެވެ. ފަހެ، ތިންލައްކައެއްހާ ދިވެހީންވަނީ، އެތައްއެތައް ރަށްތަކަކަށް، އެތައްއެތައް ޖަމާއަތްތަކަކަށް ބަހާލައި ގަސްދުގައި ވިއްސިވިހާލި ކޮށްލާފައެވެ. އަޒްހަރީންގެ ވިސްނުމުގައި ވިއްސިވިހާލި ކޮށްލުމަކީ، އުމުރަށް ވެރިކަމުގައި ތިބުމަށްއަޅާ އެންމެ ފުރަތަމަ ފިޔަވަޅެވެ. ދުނިޔެ ތަޖްރިބާ ކުރަމުން ގެންދާ ހުޅުވާލުމުގެ ސިޔާސަތަށް ބަލައިލުމެއް ނެތި، އެތިއެތިކޮޅުން ދިއްކޮށްލާއި އަބަދުވެސް އެދުމުގެ ދަހިވެތި ކަންމަތީގައި ރައްޔިތުން ބޭތިއްބުމުގެ މަގްސަދުގައެވެ. ބޮޑުންގެ ހަވޭލިތަކުގެ ވަލުފަރާތު ދޮރާއްޓަށް ކިޔޫހެދުމަށް އާދަކޮށްދިނީ، މިޕޮލިސީގެ ދަށުން، އެތިއެތިކޮޅުން ބަހާ، ރައްޔިތުން އަޅުވެތި ކުރުވާށެވެ. ސަލާންޖަހަން ދަސްކޮށްދޭށެވެ. މަޣްރިބް ނަމާދާއި ޢިޝާނަމާދާ ދޭތެރޭގައި ހެންވޭރު މީނާޒުދޮށުން މިކުޅިވަރު ވަރަށްގިނަ ބަޔަކަށް ފެންނާނެއެވެ. މިއީ މިދަންނަވާ ސަގާފަތުގެ ކުޑަކުޑަ މިސާލެކެވެ. މިކަންކުރަނީ ވެރިންނާއި ސާހިބުން ނަކީ، ތިމަންނާމެންކަން ނިކަމެތި ރައްޔިތުންނަށް ދަސްކޮށް ދިނުމަށެވެ. ވަކި ގަޑިއަކަށް ވަކިދޮރާއްޓަކަށް ޒިޔާރަތްކޮށް، ކީރިތިފައިން ޕުޅުގައި ބޮސްދީ، އާދޭސް ދެންނެވުމުން ނޫނީ، ހަމަހިލާ އެއްވެސް ކަމެއްނުވާނެއެވެ. ކޮށްދޭ ކުޑަކުޑަ ކަމެއްވެސް ފުރިހަމަވާނީ، މިއާދައިގެމަތިން ދެތިންފަހަރު ފައިންޕުޅުދެކި، ކުރުނީސްކޮށް އާދޭސް ދަންނަވައި ގެންނެވެ. މިސަގާފަތުގެ ތެރޭގައި އިހުޒަމާނުގެ ގަނޑުވަރު ތެރޭގައި އޮންނަ ލޯތްބާއި ޢިޝްޤީބައި ވެސް ހިނގަމުންދެއެވެ.

ފަހެ، ދަންނާށެވެ! މެދުއިރުމަތީގައި ޔަހޫދީދައުލަތެއް އުފެއްދުމަށްޓަކައި ސަހްޔޫނީ ޔަހޫދީން ދަށްކަމުން ގެންދިޔަ ހުރިހާ ހުވަފެންތަކެއް، ރައީސް މައުމޫނު ވެސް މިގެންދަވަނީ، އެންމެހައި ދިވެހީންނަށް ދަށްކަވަ މުންނެވެ. ނާމާންކަމުގެ އެޖާދޫގައި ރީތިކޮށް ރައްޔިތުން ޖައްސަވަ މުންނެވެ. ޖާދުވީ ހުވަފެންތަކެއް ދަށްކަވަމުންނެވެ. އެއްއިރެއްގައި ލާމަރްކަޒީ އުސޫލުން ރާއްޖޭގެ ރަށްތައް ތަރައްގީ ކުރުމުގެ ދިރާސާތަކާއި ބޮޑެތި މަޝްރޫޢުތަކެވެ. އަނެއް އިރެއްގައި ތަރައްޤީއާއި އާބާދީ އެއްފަސް ކުރުމުގެ ބޮޑެތި މަޝްރޫޢުތަކެވެ. ދެން އެންމެފަހުން މިހާރު ނެރުއްވައިގެން އުޅުއްވަނީ، މަގުޗާޓޭ ކިޔާ އާވަށްތަރެއްގެ ޖާދޫއެކެވެ. އާދެ! ދެން ދަށްކާނީ، މާތްވެގެންވާ، “އަނެއްބިމުގެ” ވާހަކައެވެ. މާތްވެގެންވާ އަނެއް ރާއްޖޭގެ ވާހަކައެވެ. ފަހެ، އެއީ “ހޮލީލޭންޑް” ގެ ވާހަކައެވެ. މާތްވެގެންވާ މުގައްދަސް ބިމުގެ ވާހަކައެވެ. އުސް އިމަރާތްތަކާއި ގިނަ ފްލެޓްތަކާއެކު ބިނާކުރެވިފައިވާ ހުވަފެނީ، ބޮޑު އިސްރާއީލެވެ. ދަށްކަމުންދާ މިފަދަ ހުރިހާ ހުވަފެންތަކެއްގެ ބިއްދަށުގައި ފޮރުވިފައި އޮންނަނީ، އެބައެއްގެ ހަގީގީއެޖެންޑާ ކަމުގައިވާ އުމުރަށް ވެރިކަމުގައި ދެމިހުރުމުގެ ގޮށްމުށުބާރެވެ. ސަހްޔޫނީ ޔަހޫދީންގެ ބިއްދަށުގައި ފޮރުވިފައި އޮންނަ ހަގީގީ އެޖެންޑާއަކީ، ޔަހޫދީބޮޑު ދައުލަތް “ހޮލީލޭންޑް” އާދެ! އަނެއް ރާއްޖެއެއް މެދުއިރުމަތީގައި ގައިމުކުރުމެވެ. މާތްވެގެންވާ ބޮޑު ޔަހޫދީދައުލަތް ގައިމުކުރެވޭއިރު ހިޖާޒުކަރަ އެކުގައި އިސްރާއީލަށް ވެގެން ދާނެއެވެ. އޭރުން މުޅި މަދީނާމުނައްވަރާ އިސްރާއީލު ތެރެއަށް ވަދެނިމުނީއެވެ. ފަހެ، ދިވެހި ރައްޔިތުން އަޒުހަރުގެ އިލްމު ވެރީންނަށް ކުރި އިތުބާރުގެ ބަދަލުދެއްވީ މިގޮތަށްކަން ކަށަވަރެވެ. ހެއްކާއެކުގައި މިއޮތީ ފެންނާށެވެ. އިތުރު ވާހަކައެއް ބޭނުމެއްނެތެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ހަމަތަކާއި އުސޫލުތަކާ، ސަހްޔޫނީ ޔަހޫދީން ދަށްކަމުން ގެންދިޔަ ހުވަފެންތަކާ އެއްވެސް ތަފާތެއްނެތެވެ. މިހުރީ ރައްޔިތުންނަށް އޮޅުވާލާ އެއްވަށްތަރެއްގެ އޮޅުވާލުން ތަކެވެ. އޭ! ﷲ އެވެ! އަޅަމެން ދިވެހީންގެ މައްޗަށް އޮޅުވާލުންތަކާއި ހީލަތްތެރިކަންނެތް، ހެޔޮވެރިކަމެއް އަވަހަށް ގެނެސްދެއް ވާށިއެވެ! އާމީން!

Leave a Reply

Your email address will not be published. Required fields are marked *