ނޯޓް: މިއީ އަޅުގަނޑު ދޫނިދޫ ޖަލުގައި ފަސްވަނަ ފަހަރަށް ބަންދުކުރި ބުރުގައި، ބަރާބަރު 89 ދުވަހު ޖަލުގެ ކުޑަގޮޅީގެ އަނިޔާގައި ގެންގުޅުނުއިރު އަޅުގަނޑާ ދޭތެރޭގައި ސިފައިން ކަންތައް ކުރިގޮތުގެ މުހިންމު ތަފްސީލްހިމެނޭ އިންޓަރވިއޫ އެކެވެ. މިއިންޓަރވިއޫގެ ބައިތައް ސިއްރިއްޔާތުގައި އަޅުގަނޑާ އެކިގޮތްގޮތުން ގުޅައިގެން ހޯއްދެވީ، ދިވެހި އޮބްޒާވަރ “ޑޫ” އަށް ވަރަށްގިނަ ލިޔުންތައް ލިޔުއްވި ޒުވާން އިލްމުވެރި އެކެވެ. ދުނިޔޭގެ ތާރީޚުން ޑިގްރީއެއް ހާސިލް ކުރައްވާފައިވާ ކުޅަދާނަ ޓީޗަރެކެވެ. އުސްތާޒެކެވެ. ފުންނާބު އުސް ލިޔުންތެރި އެކެވެ. ލިޔުންތެރި ކަމުގެ ތޮށިގަނޑު ފަޅާލުމުގައި ހަރަކާތްތެރިވި، ބިރުކުޑަ އެޑިޓަރެކެވެ. އާދެ! އަޅުގަނޑު، ދޫނިދޫޖަލުގެ ކުޑަގޮޅީގައި ހުރިއިރު އެކި ހާދިސާތައް ހިނގި ދުވަސްތަކާއި ތާރީޚުތައް ހަނދާނުގައި ބެހެއްޓުމަކީ، ވަރަށް އުދަގޫކަމެކެވެ. ކޮންމެ ދުވަހަކުހެން އެކަމަށް މަސައްކަތް ކުރަންޖެހުނެވެ. މިޒިންމާ އަދާކުރަން ކުރި މަސައްކަތުގެ ތެރޭގައި އެންމެ އުނދަގު ކަމަކަށް ކުރަންޖެހުނު މަސައްކަތަކީ، ދަތްއުނގުޅުމަށް ދިން ބުރުހުގެ ފަހަތުކޮޅު ފަންސުރެއްހެން ތޫނުކޮށް ހަދާއި ތުނޑަކަށް ބަދަލުކުރުމެވެ. މިކަން ކުރެވުނީ ގިނަދުވަހުގެ މަސައްކަތުން ނެވެ. ވަރަށްގިނަ ތަންތަނުގައި ކާއްތާއި ގާނައިގެންނެވެ. ދަތްއުނގުޅާ ބުރުހުގެ ފަހުކޮޅު ތޫނުކޮށް ފަންސުރެއްގެ ތުނޑުހެން ހަދާލެވުނީ، އެތައް ދުވަހެއްގެ މަސައްކަތުން ނެވެ. އާދެ! މިބުރުހަކީ، އަޅުގަނޑު ޖަލުގައި ގެންގުޅުނު ސިއްރު ގަލަމެވެ. ފަހުން ދަނގަނޑު މޮހޮރެއްވެސް ލިބުނެވެ. ތާރީޚަށްޓަކައި ރައްކާކުރެވުނު މިފަތްފުށްތައް ވުޖޫދަށް ގެނެވިފައި މިވަނީ އެގަލަމުންނެވެ. ދެން އެކިގޮތްގޮތުން ލިބޭ ރޯފަތާއި ކުދިކުދި ކަރުދާސްކޮޅު ތަކުގައި ދިޔައީ މުހިންމު ވާހަކަތައް ކޮންމެދުވަހަކު ނޯޓުކުރަމުން ނެވެ. މިއީ ވަރަށް އަވަސް އަވަހަށް އާކުރަން ޖެހޭ ނޯޓްތަކެކެވެ. އަދި ކޮންމެ ދުވަހަކު މުތާލިއާކޮށް، ކިޔަން ޖެހޭއެއްޗެކެވެ. އެހެންނޫނީ މާގިނަދުވަސް ވީމާ ކިޔަންނޭގެނީ އެވެ. މިނޯޓުތައް ދުވަހުން ދުވަހަށް ކިޔާއާކުރަން ޖެހެނީ، މިއީ ދަތްއުނގުޅާ ބުރުހެ އަނެއްކޮޅުން އުފެއްދި ގަލަމުން، ބާރަށް އޮބާލައިގެން ދެއްޔެއް ކުލައެއްނެތި ބިންވަޅު ނަގައިގެން ލިޔާ ލިޔުންތަކަކަށް ވާތީއެވެ. 89 ދުވަހުގެ އުސް އަލިތައް ކަރުދާހަށް ބިންވަޅު ނަގައިގެން ގެންގުޅުނީ މިކަހަލަ އުނދަގޫ ގޮތަކަށެވެ. މިއީ މިވާހަކަހާމަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ، ކޮންމެ ކޮންމެމީހަކަށް ކުރެވޭނެ ކަމެއްނޫނެވެ. ގިނައިން ކަރުދާސް ކޮޅުކޮޅު ލިބެންފެށުމުން، ލިޔަމުން ގެންދިޔަ ފަތްތައް ކެންސަލް ކުރީއެވެ. އެއީ ވަރަށް އުމުރުކުރު އެއްޗެކެވެ. ފަތްތައްހިކުނީމާ ލިޔުންތައް ކިޔަންއުދަގުވެ ބައެއް އަކުރުތައް ފޮހެވިގެއް ލެނީއެވެ. އެހެނަސް، ކަރުދާހުގައި ގިނަދުވަހު ތުންޑުގެ ބިންވަޅު ހުރެއެވެ. މިނޯޓްތައް ލިޔެކިޔާއި ބެލެހެއްޓުމަކީ ވަރަށް އުނދަގޫކަމެކެވެ. ޝަވްޤު ވެރިކަންނެތި ކުރެވޭނެ ކަމެއްނޫނެވެ. ފަހެ، އަޅުގަނޑުގެ އަތުން އެކިގޮތްގޮތުން ހޯއްދެވި މައުލޫމާތުތައް އެއްކޮށް ލެއްވުމަށްފަހު، ދިވެހި އޮބްޒާވަރ “ޑޫ” އަށް ފޮނުއްވާފައި ވަނީ، އަޅުގަނޑު ގެއަށް ބަދަލުކުރި ދުވަހުގެރޭ އަޅުގަނޑާ ވަރަށް ދިގުކޮށް ސިއްރުން ބައްދަލުކުރުމެއް ބޭއްވުމަށް ފަހުގައެވެ. މިއިންޓަރވިއޫގެ މަސައްކަތްކޮށް ދެއްވި ލިޔުންތެރިޔާއަށް، އަޅުގަނޑުގެ ހިތުގެއެންމެ އަޑިން، ވަރަށްބޮޑު ޝުކުރެއް ދަންނަވަމެވެ. އަދި ތިޔަކޮށް ދެއްވި އަގުހުރިބުރަ، މަސައްކަތް ދުވަހަކުވެސް ހަދާން ނައްތައެއް ނުލާނަމެވެ. މަނިކުފާނަށް ހެޔޮތައުފީގު ދެއްވާށިއެވެ! ޝުކުރިއްޔާ! އިލްޔާސް ހުސައިން އިބްރާހީމް.
ޑީއޯ ޚާއްސަ : (މިއިންޓަރވިއު ފުރަތަމަ ޝާއިޢު ކުރެވުނީ، 9 ޑިސެންބަރ 2004މ، ވި ބުރާސްފަތި ދުވަހު ގައެވެ.)
އާދެ! މިއީ، ދިވެހި ރާއްޖެއަށް ބޮޑު ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ގެނެސް ރާއްޖޭގެ ސިޔާސީ ނިޒާމް އިސްލާހުކޮށް ރިފޯމް ގެނައުމަށް މަސައްކަތްކުރާ ފަރާތްތަކަށް، ދުނިޔޭގެ އެތަންމިތަނުން ތާއީދުކޮށް ސަޕޯޓްކުރާ ފަރާތްތަކަށް، ރާއްޖޭގެ ރިފޯމިސްޓެއް ކަމުގައިވާ ޖަވާހިރުވާދީ، އިލްޔާސް ހުސައިން އިބްރާހީމް ދެއްވި ޚާއްސަ އިންޓަރވިއު އެކެވެ! މިއިންޓަރވިއު ހޯދިފައިވަނީ، ވަރަށް ސިއްރުންނެވެ. އެނާ ސިފައިންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. މިމަސައްކަތަށް އެހީވެދިން ފަރާތްތައްވަނީ، ސަލާމަތަށްޓަކައި ސިއްރު ކުރެވިފައެވެ. މިކަމުގައި އެހީތެރިވެދީފައި ވަނީ، އިލްޔާސާއެކު އެކިއެކިޓީމުތަކާ ބައްދަލުކޮށް ދެއްކި ވާހަކަތައް ނޯޓްކޮށް ލިޔެހެއްދެވި ސިފައިންގެ ތެރެއިން ބައެއް ފަރާތްތަކެވެ. މިއީ، އިލްޔާސް އެކިފަހަރުމަތިން އެކިވަފުދުތަކާ ބައްދަލުކޮށް ދެއްކިވާހަކަ ތަކެވެ. ޢާއިލީބައްދަލުމުން ތައްވެސް މީގައި ހިމެނެއެވެ. މިކަންކޮށް ދެއްވީ އިލްޔާސަށާއި ދިވެހިގައުމަށް އެބޭފުޅުންގެ ހިތުތެރޭގައި ހުރިލޯތްބެއްގެ ސަބަބުންނެވެ. އަދި އަޅުގަނޑު ލިޔުންތެރި އެއްގެ ހައިސިއްޔަތުން، މިމަސައްކަތް މިކޮށްދެނީވެސް އެމަތިވެރި މަގްސަދުގައެވެ. ދިވެހިތާރީޚަށް ޓަކައެވެ. ދިވެހި ޒުވާނުންގެ ތެރޭގައި މިފަދަލިޔުންތަކަށް ލޯބިކުރާނެ ބަޔަކު ތިބޭނެތީއެވެ.
ސ : އިލްޔާސްގެ ކުޑަ ތަޢާރުފެއް ދެއްވަފާނަން ތޯއެވެ؟
ޖ : 1984 ވަނަ އަހަރު މަދީނާ ޔުނިވަރ ސިޓީން ގްރެޖްއޭޓް ވުމަށްފަހު، ރާއްޖެ އައިސް މިއަދާ ހަމައަށްވެސް، ރާއްޖެއަށް ބޮޑު ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް އޭގެ އެންމެފުރިހަމަ ގޮތުގައި ތަޢާރަފްކޮށް، ރާއްޖޭގެ ވެރިކަމުގެ ސިޔާސީ ނިޒާމަށް، މިރޮނގުން ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެކިފަހަރު މަތީން ކުރެވިފައިވާ ދަތުރުތަކުގައި ބުރަމަސައްކަތް ތަކެއް ކުރެވިފައި ވާނެއެވެ. ރާއްޖެތެރެއާ ބެހޭ ވުޒާރާގައި ގިނަދުވަސް ތަކެއްވަންދެން މަސައްކަތްކުރި ދުވަސް ތަކުގައެވެ. ރައްޓެހިން ނުތިބޭނެ އެއްވެސް ރަށެއް ނޯންނާނެއޭ ބުނެވިދާނެއެވެ. ވެރިންފެންވަރުން ފެށިގެން އެންމެއާދައިގެ މީހުންނަކީ ވެސް އެކުވެރިގާތް ރައްޓެހިންނެވެ. ހުރިހާ ވައްތަރެއްގެ ވާހަކައެއްވެސް ދެކެވޭނެއެވެ. އެހެންވެ އެމީހުންވެސް ވަރަށް ލޯބިވާނެއެވެ. ތާއީދުކުރާނެއެވެ. އަދި ސަޕޯޓް ކުރާނެއެވެ. ދިވެހިންނަކީ، އިސްލާހީ ވާހަކަތައް އެހުމަށް އަބަދުވެސް ލޯބިކުރާ ބައެއްކަން ކަށަވަރެވެ. 1984 ވަނަ އަހަރުން ފެށިގެން އަޅުގަނޑު ޚިދުމަތް ކުރަމުން މިގެންދަނީ، ދިވެހި ދައުލަތަށެވެ. އޭގެތެރެއިން ބޮޑުބައެއް ހޭދަވީ، ރާއްޖެތެރެއާ ބެހޭ ވުޒާރާގައެވެ. ރާއްޖެތެރޭގެ މީހުންއުޅޭ ހުރިހާރަށަކަށް ދެތިންފަހަރު މަތިންވަނީ، ބުރުޖަހާ ނިންމިފައެވެ. ޚާއްސަކޮށް އަތޮޅުވެރިން އަތޮޅަށް ތަޢާރުފްކުރާ ދަތުރަކީ ވަރަށް ގިނައިން ދާންޖެހުނު ދަތުރެކެވެ. އަދި މިނިސްޓަރުން އަރިހުގަޔާއި ރައީސް މައުމޫނު އަރިހުގައިވެސް އުތުރަށާއި ދެކުނަށް ބައެއްދަތުރުގައި ގިނަގިނައިން ދާންޖެހުނެވެ. އަދި އަތޮޅުތަކަށް އަތޮޅުއޮފީހާ ހަވާލުވެގެން ދާންޖެހުނެވެ. އާދެ! 8 އޯގަސްޓް 2004 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުން އެމިނިސްޓްރީގެ އޭރުގެ ވަޒީރު އަލްއުސްތާޒު އަބްދުﷲ ހަމީދު، އެޓޮލްސްގައި މިހާރު އިލްޔާސް ކުރާނެ އެއްވެސް މަސައްކަތެއް އެޓޮލްސްގެ އޮނިގަނޑުގައި މިހާރު ރޭވިފައިނެތީމާ، އޭނާއަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނޯޓިސް ދެއްވުން އެދި ލިޔުއްވުމުން އެއޮފީހުންވަނީ، އެޓޮލްސް މިނިސްޓްރީގެ އެދުމުގެމަތިން ނޯޓިސް ދެއްވާފައެވެ. މިވީހާތައް ދުވަހު، އެމިނިސްޓްރީގައި އިލްޔާސް ކުރާނެ މަސައްކަތް ހުއްޓެވެ. އެހެނަސް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮތްދުވަހު، ގާނޫނު އަސާސީން މާއްދާއެއްގެ މާނަ ވިސްނުމާމެދު ދިމާވި ޚިޔާލުތަފާތު ވުމަކާ ގުޅިގެން، މިކަންތައް ޒާތީރުޅިވެރި ކަމެއްގެ ގޮތުގައި ކުރެއްވީއެވެ. ގާނޫނު އަސާސީގެ މާއްދާއެއްގެ މާނަ ވިސްނުމާމެދު ޚިޔާލު ތަފާތުވުމާ ގުޅިގެން ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވަގުތީރައީސް އަބްދުﷲ ހަމީދު އެދުވަހުގެ ޖަލްސާގައި ނަންގަވަންއުޅުއްވި ވޯޓާގުޅިގެން އެޅުއްވި ފިޔަވަޅަކީ، ގާނޫނުއަސާސީއާ ތަޢާރަޟުވެ، އަރާރުންވާ ކަމެއްކަމަށް އަޅުގަނޑަށް ވިސްނިފައިވާތީ، ތަޅުމުގައި އެމައްސަލަ ޖެއްސުމަށްފަހު، އަޅުގަނޑު އެމައްސަލަ ޝަރުޢީކޯޓަށް ވެއްދީ، ސީދާ ރައްޔިތުންގެ މަޖިލީހުގެ ރައީސާގުޅޭ މައްސަލައެއްގެ ގޮތުގައެވެ. ހެންވޭރުމީނާޒު އަލްއުސްތާޒު އަބްދުﷲހަމީދާ ގުޅޭމައްސަލައެއް ގޮތަކުނޫނެވެ. ހަމީދާއިއަޅުގަނޑާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނެތެވެ. ރުޅިވެރިކަމެއް ނެތެވެ. ޒާތީކަމެއް އޮވެގެން ނުވާނެއެވެ. މިފަދަކަމަކާ ގުޅިގެން ޒާތީކަމެއް ނުވަތަ ޒާތީގޮތެއް ބާއްވައިފިނަމަ، އެއީ އެބޭފުޅާގެ ނާގާބިލުކަން ކަމުގައި، އެންމެންވެސް ގަބޫލު ކުރާނެއެވެ. އާދެ! ރައީސް މައުމޫނުގެ ޚުދުމުޚްތާރު ވެރިކަމުގެ ރެޖީމުން މިއަދާހަމައަށް ފަސްފަހަރު، އަޅުގަނޑު ދޫނިދޫޖަލަށް، ކުޑަގޮޅިއަށްލާ ހައްޔަތުކޮށްފައި ވެއެވެ. މިފަސްފަހަރުގެ އިތުރަށް 1984 ގައި، ކިޔަވާ ނިމިގެން ފުރަތަމަ ފަހަރަށް، ރާއްޖެ އައިތަނާހެން މިނިސްޓްރީ އޮފް ޑިފެންސަށް އަޅުގަނޑު ހާޒިރުކޮށް، އަންބަރީ އަބްދުއް ސައްތާރާއި އިސްތަފާ އިބްރާހީމް މަނިކު، އަޅުގަނޑު ކިޔެވި ދުވަސްވަރުގައި ކިޔަވާކުދިންގެ އެކިއެކިމަޖައްލާ ތަކުގައި ލިޔެފައިހުރި މަޒްމޫނުތަކާ ގުޅޭގޮތުން ސުވާލުކޮށް ބިރުދަށްކާއި އިންޒާރުދިނެވެ. އެއީ “މޯލްޑިވްސް ސްޓުޑެންޓްސް އެސޯސިއޭޝަން އޮފް ޕާކިސްތާނުން ނެރެމުން ގެންދިޔަ “ނަޔާޢަޒުމް” އާއި “ސައުތުލް އިސްލާމް” އަދި މަދީނާ ޔުނިވަރސިޓީ ގައި ނެރެވެމުން ދިޔަ، ކިޔަވާކުދިންގެ މަޖައްލާ ތަކުގައެވެ. އާދެ! އެމަޒްމޫނު ތަކުގައި ދިވެހި ރާއްޖެގެ ސިޔާސަތާ ބެހިފައި ހުރިކަމަށް ވިދާޅުވެއެވެ. ޖަލަށް ނުގެންގޮސް ބިރުދައްކާ ލުމަކުން މިކަންތައް ނިމިގެން ދިޔައެވެ.
1- ފުރަތަމަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން :
އޭރުގެ ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމާއި އެފްޕީއައިޑީގެ އިސްވެރިޔަކަށް ހުންނެވި މާކުން އަބްދުއް ސައްތާރު (ސަޓޯ) އާ ދެމެދު، ސައްތާރު ދުނިދޫ ޖަލުގައި އެފްޕީއައިޑީގެ މަޝްހޫރު ބޮޑުޚިޔާނާތުގެ މައްސަލާގައި ކުޑަގޮޅީގައި ހުންނަވަނިކޮށް، ސިފައިންގެ ބޭކަލަކު މެދުވެރިވެގެން ލިބުނުކޯޑްލަސް ފޯނުމެދުވެރިކޮށް، ދެކެވިފައިވާ ވާހަކަތައް، ރިކޯޑްކުރެވިފައިވާ ކެސެޓްޓޭޕް ރޯލެއް ގެންގުޅެ، އެފޯނުކޯލުގައި ދެކެވުނު ވާހަކަތައް އަޑުއެހުމުގެ މައްސަލާގައެވެ. 45 ދުވަހު ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ބޮޑެތިއަނިޔާ ތަކާއެކު، ބެހެއްޓުމަށް ފަހު ޝަރުޢީކޯޓަށް ގެންގޮސް ހަމަސްދުވަހަށް ޖަލަށް ލުމަށް ހުކުމް އިއްވިއެވެ. މިޝަރީޢަތް ދިޔައީ ވަރަށް ހެއްވާކޮށެވެ. އަސްލު މީހުން ސަލާމަތުން ބައިތިއްބާފައި އަޑުއެހި މީހުންނަށް ހޭއަރުވާލާ އުސޫލުންނެވެ. ގަސްގަނޑު ބަހައްޓާފައި ތަޅާތަޅާފަތްތައް ދުއްވާލާ އުސޫލުންނެވެ. އެންދެރިމާގޭ އިލްޔާސް އިބްރާހީމް ޑިފެންސް މިނިސްޓަރަކަށް ހުންނަވައި، ޖަލުގެ ކުޑަގޮޅީގައި ހުރި ކުށްވެރިޔަކާ، އޭނާބަންދު ކުރެވިފައިހުރި މައްސަލައާ ގުޅޭގޮތުން ދެއްކިވާހަކަތަކާ މެދު ސުވާލުވެސް ކޮށްނުލައެވެ. ހަގީގީ މައްސަލަ އެއްގޮތަކަށްވެސް ނުބައްލަވައެވެ. އަޑުއެހި އެތައްބަޔަކު ގެންގޮސް ޖަލުގައި ބަންދުކޮށް ޖަލަށް ހުކުމްކުރީއެވެ. މިހިރީ މައުމޫނު ރެޖީމުގެ އިންސާފު ހުރިގޮތެވެ. އަޅުގަނޑު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައި ވާނެއެވެ. އަސްލު މައިގަސްގަނޑު ބަހައްޓާފައި ގޮފިތައް ކަނޑާލާއި ކުދިކުދިކޮށްލާއި ފަތްކޮޅުދުއްވާ ލުމަކީ، އިންސާފުކަމަށް ބެލެވޭނެތޯއެވެ! އެއަށްކިޔާނީ، ޒާތީހަސަދައެވެ.
2- ދެވަނަފަހަރށް ދޫނިދޫޖަލަށް ގެންދިއުން :
ދިވެހިރާއްޖޭގައި މިހާތަނަށް ނެރެވުނު އެންމެ މަޝްހުރުވި އަދި މިނިވަން މަޖައްލާ ކަމުގައިވާ “ސަންގު” މަޖައްލާ، ސަރުކާރުން އޭގެ ޅައުމުރުގައި އެންމެ 6 އަދަދާއެކު، ސަސްޕެންޑްކޮށް ބަންދުކުރެއްވީމާ، އަޅުގަނޑު “މަންތިރި” މިނަމުގައި ރާއްޖޭގައި އެންމެފުރަތަމަ ރަޖިސްޓްރީ ކުރެވުނު ސިޔާސީ މަޖައްލާއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ނެރެންފެށީމެވެ. މިއީ ސިޔާސީ މަޖައްލާއެއްގެ ނަމުގައި ރާއްޖޭގައި އެންމެފުރަތަމަ ރަޖިސްޓްރީ ކޮށްދިން ސިޔާސީ މަޖައްލާއެވެ. އިންފޮމޭޝަން މިނިސްޓްރީގައި ގާނޫނާއި ގަވާއިދާ އެއްގޮތަވާގޮތުގެ މަތީން ރަޖިސްޓްރީ ކޮށް ނަގަންޖެހޭ ހުރިހާ ހުއްދަތަކަކާއެކު، ލޭއައުޓް ހިފައިގެން މާލޭގައިހުރި ހުރިހާ މަޝްހޫރު ޕްރެސްތަކަށް ހިނގުމުންވެސް ޗާޕްކޮށްދޭނެ މީހަކުނުވިއެވެ. ހަމަ މައުމޫނު ރެޖީމުދެކެ ގަންނަބިރުންނެވެ. ސީޕްރިޔާ ޕްރިންޓުން މުހަންމަދު ސަޢީދު ވިދާޅުވީ، ހުއްދަތައް ހުރިކަމުގައި ވިޔަސް ޗާޕްކޮށްދޭކަށް ނުކެރޭނެ ކަމަށެވެ. މަޝްހޫރު ނޮވެލްޓީ ޕްރެސްއިން އަލީހުސައިނު ތިންގަނޑިއިރުގެ ދިގުސިޔާސީ ވާހަކަގަނޑަކަށް ފަހު، ވިދާޅުވީ ޗާޕްކޮށްދޭން ކެރިވަޑައި ގަންނަވަން ކުރޭނީ، ޗާޕްކުރުމުން އިތުރު މައްސަލައެއް ނުޖެހޭނެކަމުގެ ލިޔުމެއް ސަރުކާރުގެ ކަމާބެހޭ ފަރާތުން ގެނައިމާ ކަމަށެވެ. މިފަދަ ލިޔުމަކީ، ރައީސް މައުމޫނު ރެޖީމުގެ އޮފީހަކުން ދޫކުރާނެ އެއްޗަކަށް ނުވިއެވެ. ދެން ޗާޕްކުރަން ދާންޖެހުނީ، އަވަށްޓެރި ސްރީލަންކާ އަށެވެ. “މަންތިރި” ލަންކާއިން ޗާޕް ކޮށްގެން ގެނައިތަނުން ހުޅުލޭ އެއަރޕޯޓުން ހިފަހައްޓާއި ހުރިހާ އަދަދުތަކެއް ކޮންފިސްކޭޓް ކުރީއެވެ. އެއަރޕޯޓް ކަސްޓަމާ، އަޅުގަނޑުމެން 1000 (އެއްހާސް) ކޮޕީ ހަވާލުކުރީމެވެ. އެހެނަސް ޑިފެންސް މިނިސްޓްރީއަށް ލިބުނީ 800 (އަށްސަތޭކަ) ވަރަކަށް ކޮޕީކަމަށް ފަހުން އެމިނިސްޓްރީން ވިދާޅުވިއެވެ. ކަސްޓަމުތެރެއިން ބައެއް ޣައިބުވީއެވެ. ފަހުން ބައެއްމީހުން ގެންގުޅެނިކޮށް މަންތިރި ފެނިފައި ވެއެވެ. މަންތިރީގެ އެއްއެޑިޓަރ ކަމުގައިވާ ގ.ތަލްވާރުގޭ އާދަމްރަޝީދު މަންތިރިތައް މާލެގެނައިރޭ ގެންގޮސް ދޫނިދޫ ޖަލަށްލިއެވެ. އަދި ފަހުން އަޅުގަނޑު ޖަލަށްލާ ހައްޔަރުކުރީ އެވެ. ދޫނިދޫ ޖަލުގައި އަޅުގަނޑާ ސުވާލުކުރުމަށް ދަންވަރު ނެރެނީ، ވ.ޅަހުއްތުއެވެ. ކުރައްވާ ސުވާލަކީ، އަޅުގަނޑު މަންތިރީގައި “3 ނޮވެންބަރ 1988 ގެ ވަރުގަދަ ހަމަލާ މިއޮތްގޮތަށް ދިވެހި ތާރީޚުގެ ތެރެއަށް ވަދެނިމިދާނީ ތޯއެވެ؟” މިސުރުޚީގެ ދަށުން ލިޔެފައިވާ އާޓިކަލާ ގުޅޭގޮތުންނެވެ. މިއާޓިކަލްގައި އަޅުގަނޑު ލިޔެފައިވާނީ، އެމްވީ ޕްރޮގްރެސް ލައިޓް ބައިނަލްއަގްވާމީ ކަނޑުގައި އޮއްވާ އިންޑިޔާގެ ހަނގުރާމަތީގެ ބޮޑުމަނަވަރެއް ކަމުގައިވާ ގޯދާވަރީން، ހަތަރު އިންޗި، ހައިންޗީގެ ވަޒަން ބަރުކުރެވޭ ބޮޑުބަޑިތަކުން ބަޑިޖަހާ ފައްތާލީ، އަދި ހެލިކޮޕްޓަރު ތަކުގައިގޮސް އެބޯޓަށާއި ބޯޓުގެ ވަށައިގެން ކުދިކުދި ބޮންތަކެއް ވިއްސާލީ، އަދި ބޯޓުފައްތާލީ، އެމަނަވަރަށް ދިވެހި ސިފައިންގެ އިސްމީހުން ގެންގޮސް ބައިތިއް ބައިގެން، އެމީހުންގެ އަމުރަށް ކަމަށް ގޯދާވަރީން މާލެއައިސް އަޅުގަނޑާ ބައްދަލުކުރި އެމަނަވަރުގެ ޕްލައިޓް އިންޖިނޭރަކު، އިސްލާމީ މަރުކަޒުގެ ލައިބްރެރީގައި އިނދެ އަޅުގަނޑުގާތުގައި ބުނެފައިވާ ކަމަށެވެ. މިއީ ސާބިތު ނުހިފޭ، ދޮގުވާހަކައެއް ކަމަށްހަދާ، މިމައްސަލާގައި އަޅުގަނޑުގެ މައްޗަށް 6 (ހަމަސް) ދުވަހުގެ ހުކުމެއް ޖަލަށް ލުމަށް އިއްވިއެވެ.
3- ތިނަވަނަ ފަހަރަށް ދޫނިދޫޖަލަށް ގެންދިއުން :
އާދެ! މިފަހަރު ދޫނިދޫ ޖަލަށް ކުޑަގޮޅިއަށް ގެންދިޔައީ، 1990 ވަނަ މާލޭގައި ހިންގި ބޮޑު ޑިމޮކްރަސީގެ އިސްލާހީ ހަރަކާތު (ގްރޭޓަރ ޑޮމޮކްރަސީ އެންޑް ރިފޯމް މޫވްމެންޓް) ގައި ޑިފެންސް މިނިސްޓަރ އިލްޔާސް އިބްރާހީމާއި ރައީސް މައުމޫނުގެ ފަރާތުން މާލެތެރެއަށް، އެންދެރިމާގޭ އައްބާސް އިބްރާހީމާއި ކާށިދޫ ހިސައިން އިބްރާހީމްފުޅު އިސްކޮށް ތިއްބަވައިގެން އަމަލީގޮތުން ނުކުތް “ބިންބިފޯސް” ގެ އުދަގޫތައް ބައެއް ޒުވާން، އިސްލާހީ ހަރަކާތް ތެރީންނަށް ބޮޑުވެގެންނެވެ. މިއީ މައުމޫނުގެ ރެޖީމު ހިމާޔަތްކޮށް، ދަމަހައްޓައި ދިނުމަށް މާލެތެރޭގައި ހަރަކާތްތެރި ވުމަށް އުފެއްދި ފޯހެކެވެ. ސަލްޓަންޕާކް ތެރޭގައި އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެންލުންނުވާ ގޮތަށް، ހަމައެކަނި ގަދަފަދަ އަޑުފައްގަނޑެއް ހުރެފައި އަލިފާންގަނޑެއް މައްޗަށް އަރައިގެން ގޮސް، ހުލިވާގޮތަށް ގޭގައި ތިބެގެން، އަތުންތައްޔާރުކޮށް، އެނބުރޭ ފަންކާއެއްގެ ޓައިމަރެއް ބޭނުންކޮށްގެން ގޮއްވާލި “ކަޓޫރަބޮމެއް” ގެ މައްސަލާގައެވެ. މިކަމެއް އެނގިހުރެ ނޭންގިކަމުގެ ތުހުމަތުގައެވެ. މިކަން 1990 ވަނައަހަރުގެ ފަހުކޮޅު ހިނގިއިރު އަޅުގަނޑުހުރީ، ދޫނިދޫޖަލުގެ ކުޑަގޮޅީގައި ބަންދުކޮށްފައެވެ. އެފްޕީއައިޑީގެ ބޮޑުޚިޔާނާތުގެ މަޝްހޫރު ކެސެޓްރޯލާއި މަންތިރި މަޖައްލާގެ މައްސަލާގައެވެ. އެހެނަސް މިކަމަކީ، އަޅުގަނޑަށާއި އަންނިއަށާއި ބޮޑުސައްޕެއަށް އެނގިގެން ހިންގިކަމެއް ކަމަށް ތުހުމަތު ކޮށްފައި އަޅުގަނޑު ބެހެއްޓީއެވެ. އަދި ފަހުން އަންނިއާއި ބޮޑުސައްޕެ ވެސް ދޫނިދޫއަށް ގެނެސް ކުޑަގޮޅީގައި ހައްޔަރުކުރީއެވެ. އަދި ބޮޑު ތަހުގީގެއް ފެށީއެވެ. ތިންސަތޭކަ ވަރަކަށް މީހުން މިކަމުގެ ތުހުމަތުގައި ގެނަސް ބަންދުކުރިއެވެ. މިބަންދު ގައި ހުރިއިރު ދޫނިދޫގައި ކުއްލިއަކަށް ބަޔަކުލައްވާ ހެއްދި 6 ފޫޓު 3 ފީޓުގެ ޓިނުގޮޅިތަކުން ގޮޅިއެއްގައި އޭގެފަހުން ބަންދުކޮށް ބަހައްޓާއި، އެއްހުޅުބިޑިއާއި ކީސްބިޑިއާއި ޗޭނުކޮޅުލީބިޑިއާ މިހެންގޮސް ހުރިހާވައްތަރެއްގެ ބިޑީގެ ނުބައިނުލަފާ އަނިޔާތަކާއި އަޒާބުތައް ދެއްކިއެވެ. ކަމާނުބެހޭ އިތުރުއެތައް ސުވާލުތަކެއް ކުރިއެވެ. އޭރުގެ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާ ގުޅޭގޮތުންނެވެ. ޑޮކްޓަރ މުހަންމަދު ވަހީދާއި ގޯގޯ ލަތީފާއި ބުރުމާ ގާސިމް އިބްރާހީމާ، މިފަދަ ލީޑަރުންނާ ގުޅުވައިގެންނެވެ. ދަންވަރު ނެރެފައި އެންމެގަދަޔަށް އަހާ ސުވާލަކީ، ރައްޔިތުން މަޖިލީހުގެ މެންބަރުން ރައީސް މައުމޫނުގެ އިތުބާރު ނެއްކަމުގެ ވޯޓެއް ނަގަން ޖަވާހިރުވާދީ ތެރޭގައި މިދެންނެވި މެންބަރުން ތިބެގެން، ވާހަކަ ދެއްކިކަން އިލްޔާސަށް އެނގޭނެއެވެ. އެތާގައި އިލްޔާސް އިންނެވިއެވެ. އަވަހަށް ބުނާށޭ ކިޔައިގެންނެވެ. އަނދަގޮނޑިއާއި ޗޭނުޖެހިދާނެ ކަމުގެބިރު ދައްކަމުންނެވެ. މިސުވާލުތައް ނިންމާލީ، އަނދަގޮނޑީގެ އަހުވާ ދައްކާފައި އެވަރުންވެސް އެއްވެސް އެއްޗެއް އަޅުގަނޑުގެ އަނގައިން ނުނެރެވުމުންނެވެ. ފަހުން އެންގުނު ގޮތުގައި ބޮޑަށް އަހުވާދައްކާލާ ރޭރޭދިމާވެފައި ހުރީ، ޑޮކްޓަރ ވަހީދު ބޭރަށް ފުރުއްވުމަށް އެއަރޕޯޓަށް ވަޑައިގަތުމުން ފުރިޔަނުދީ، ހިފާއްޓާރެއާއެވެ. މިކަމެއް މިކުރަނީ، ޑޮކްޓަރ ވަހީދު ގެނެސް ދޫނިދޫޖަލަށް ލުމަށް ބޭނުންވާ ގަރީނާތަކާއި ހެކިހޯދުމުގެ ބޭނުމުގައެވެ. އަޅުގަނޑަށް ކުރިހުރިހާ އަނިޔާއެއްވެސް އެފަހަރުކުރީ، ޑޮކްޓަރވަހީދު ބަންދުކުރެވޭ ވަރުގެ ހެކިބަހެއް ހޯދޭތޯއެވެ. އެހެނަސް 45 ދަވަހަށްވުރެ ގިނައިން މިމަސައްކަތް ކުރުމަށްފަހު، މިފަދަބަހެއް ހެއްކެއްގެ ގޮތުގައި ނުލިބުމުން ޖެހުނީ ތަހުގީގު ހުއްޓާލާށެވެ. އެއަށްފަހު، ދެންހަމަ ބާއްވާފައި އޮތީއެވެ. މިބުރުގައި ކުޑަގޮޅީގައި އޮވެގެން އަޅުގަނޑަށް އެނގިފައިހުރި މިންވަރުން ޖިންނިކިޔެވެލި ބޭނުންކުރީމެވެ. މީގެބައެއް އަސަރުތައް ޖަލުތެރެއަށް ކުރިއެވެ. އަދި ބައެއް އިޝާރާތްތައް ސީދާ އަޅުގަނޑަށް އިހްސާސް ކުރެވުނެވެ. އާދެ! މިގޮތަށް 45 ދުވަހަށްވުރެ ގިނަދުވަސް ވަންދެން، ތަޅުވާފައި ގެއަށް ނުގެނެސް ޖަލުގައި ކުޑަގޮޅީގައި ބަހައްޓައިގެން ކޯޓަށް މައްސަލަ ފޮނުވައި، އަޅުގަނޑުމެން ބައެއްރޭރޭގެ ދަންވަރާއެކު ކޯޓަށް ދަމާއި 6 (ހައެއް) އަހަރު ދުވަހުގެ ދިގު ހުކުމެއް ޖަލަށް ލުމަށް އަޅުގަނޑަށް އިއްވީ، ސަލްޓަންޕާކް ގައި ގޮއްވާލި “ކަޓޫރާބޮން” ގޮއްވާލިކަން އެނގިހުރެ ނާންގާއި ސިއްރުކުރި މައްސަލާގައި ކުއްލިގޮތަކަށް އަލަށް ފާސްކޮށްލި ޓެރަރިޒަން ގާނޫނުގެ ދަށުންނެވެ. މިގާނޫނު ފާސްކޮށްލީ، ހުވަދޫބަޣާވާތުގައި އަތުވިމީހުން ހިފާހައްޔަރުވުމުން އެއީކޮންބައެއް ކަން އެނގުމުން، އެމީހުންގެ މައްޗަށް ނިޔާއިއްވުމަށް ރާއްޖޭގެ ފުރަތަމަ ގާނޫނުލް އުޤޫބާތް ތައްޔާރުކޮށް ފާސްކޮއްލި ހެންނެވެ. ޓެރަރިޒަމްގާނޫނު ވެސްހެދީ، ހަމަ އެހެންނެވެ. ވުޖޫދަށް ގެނައި ހަމައެގޮތަށެވެ. އަޅުގަނޑުމެންނީ ވަކިވަކިން ކޮންބައެއްކަން ސާފުކޮށް ރައީސް މައުމޫނަށް އެނގުމުން އަޅުގަނޑުމެންގެ މައްޗަށް ނިޔާއިއްވުމަށް އެކުލަވާލި ގާނޫނެކެވެ. އެގާނޫނަށް ޚާއްސަމާއްދާއެއް ވައްދައިގެން، ރައީސް އޮފީސް މެދުވެރި ވެގެން މެންބަރުންނަށް ރޭގަނޑާއެކު ފޮތްފޮނުވައި ޖަލްސާތަކަށް ހާޒިރުކުރުވައި ގެން، ވޯޓުނަގާ ފާސްކުރި ގާނޫނެކެވެ. އާދެ! އެމާއްދާގައި އޮންނަނީ، މިގާނޫނު ފާސްވުމުގެކުރިން ކޮއްފައިވާ މިބާވަތުގެ ކަންތައްތައް ވެސް މިގާނޫނުގެ ދަށުން ހުކުމް ކުރެވޭނެއޭ މިހެންނެވެ. މިއީ ގާނޫނީ އިލްމުގައި މުޅިންމަނާ އަދި އެއިލްމާމުޅިން ދެކޮޅުކަމެކެވެ. އެހެނަސް ޑޮކްޓަރ މުނައްވަރާއި އިބްރާހީމް ހުސައިން ޒަކީވެގެން ރައީސް މައުމޫނަށް މިކަން ކޮއްދިނީއެވެ. މުނައްވަރު މިމާއްދާ އުވާލެއްވީ އަޅުގަނޑުމެންނަށް ނިޔާއިއްވުމަށްފަހު، އޭނާއަށް އޭޖީއޮފީހުގެ ފުރިހަމަބާރު ލިބުމުންނެވެ. ކުރިންހުންނެވީ ބޮޑަކަށެވެ. ޓެރަރިޒަމް ގާނޫނަކީ ސީދާ އަޅުގަނޑު މެންނަށް، އަޅުގަނޑާއި އަންނިއާއި ބޮޑުސައްޕެއަށް ވަރުގަދަ ހުކުމެއް އިއްވާލާ ދިގުމުއްދަތަކަށް ތާށިކޮށްލެވޭ ވަރުގެހުކުމެއް، އިއްވަން ސީނާ ޒާހިރާއި ޒާހިރުހުސައިން އިސްކޮށް ބައިތިއްބައިގެން މުނައްވަރާއި ޒަކީގެ އެހީގައި ރައީސް މައުމޫނު އެފެއްދި ވަރަށް އަނިޔާވެރި ގާނޫނެކެވެ. ރާއްޖޭގެ އިސްލާހީ ހަރަކާތުގައި އަމަލީގޮތުން އުޅެމުންގެންދާ އަޅުގަނޑުމެންނީ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާމީހުންނަށާއި ސިޔާސީ މީހުންނަށް ބައިނަލް އަގްވާމީ މުޖްތަކައުގައި ވިޔަނުދިނުމަށް ވިސްނައިގެން ބާރުއަޅާކުރި ނުލަފާ ކަމެކެވެ. މިކަމުގެ އެންމެއިސް މޭސްތިރިއަކީ، ރައީސްމައުމޫނެވެ. އެހެނަސް އަޅުގަނޑުމެންނީ، ދިވެހި ރައްޔިތުންނަށް ސިޔާސީގޮތުން އިސްލާހު ގެނެސްދިނުމަށް މަސައްކަތްކުރި މީހުންކަން ދިވެހި ރައްޔިތުން ދަނެއެވެ. އަދި ބައިނަލްއަގްވާމީ މުޖްތަމައުން ރަނގަޅަށް ދަނެއެވެ. ޖަލުގައި މިވީދުވަސްތައް އުފަލުގައި ހޭދަކުރެވުނީ އެހެން ވެގެންނެވެ. ހަފްތާއަކުން ތިންދުވަހުން ފޯރިބަދަލު ކުރަމުން ގެންދިޔަ އިރުވެސް އަޅުގަނޑުމެންނަށް ހަމްދަރުދީވެ އަޅުގަނޑުމެން ދެކެލޯބިވެ ހަމްދަރުދީ ބަހައްޓާކުދިން ފޯރިމަރަމުން ގެންދިޔައެވެ. ބަރާބަރަށް އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާކަމެއް ކޮށްދެމުން ގެންދިޔަ ކުދިން ފެނުނެވެ. އޯފްޑިއުޓީގައި މޫދަށްއެރި ހިފާފަރުމަސް ފިހެގެން ގެނެސް ކާންދެއެވެ. ދުވަހަކުވެސް ހަދާން ނުނެތޭވަރުގެ ކަމެއްކޮށްދިން ސިފައިންގެ ކުއްޖަކު އޭގެތެރޭގައި ހުއްޓެވެ. އަޅުގަނޑާދަންވަރު ގަޑީގައި (ގިނައިން) ވާހަކަ ދަށްކާލާ ހަދާއުޅެމުން އެއްރެއަކު، ސިގިރޭޓެއް ގެނެސްދެންހޭ އަހައިފިއެވެ. އަޅުގަނޑު ނޫނެކޭބުނީ މެވެ. ދެން އުޅެލާފައި އެހެންފަހަރެއްގައި ފޯއްކޮޅެއް ބޭނުންވާނެހޭ އަހައިފިއެވެ. މިފަހަރުވެސް ބޭނުންނޫން ކަމަށްބުނެ އަޅުގަނޑަށް ތިޔަކަހަލަ އެއްޗެހިންލިބޭ ހިތްހަމަޖެހުން ލިބޭނީ، ރާއްޖޭގެ ސިޔާސީ މަސްރަހުން ޚަބަރެއް ލިބުނީމައޭ ބުނުމުން މިއަދުން ފެޑިގެން ކޮންމެވެސް އެއްގަޑިއެއްގައި ޚަބަރު އަޑުއަހަން ފައްޓާނަމޭ ބުންޏެވެ. ދެން އޭގެ އަނެއްދުވަހުން ފެށިގެން މަދުމަދުން ރާއްޖޭގެޚަބަރުތައް ގެނެސްދޭން ފަށައިފިއެވެ. ފަހުން ދުވަހެއްގެ ވާހަކައިގެ ތެރޭގައި އަމިއްލައަށް ކުޑަކުޑަރޭޑިޔޯއެއް ގެނެސްދީފާނަމޭ ބުންޏެވެ. ފުރަތަމަކޮޅުގައި މިކަންކުރަން އަޅުގަނޑަށް އެއްބަހެއް ނުވެވުނެވެ. ފަހުން ދުވަހެއްގެ ވާހަކައިގެ ތެރޭގައި އަޅުގަނޑު ބުނެފީމެވެ. އަޅުގަނޑު އަތުގައި، ގޭގައި ވަރަށްކުޑަކުޑަ ތުނިތުނި، އައިޑީކާޑު ސައިޒުގެ ސޮނީ ކުންފުނީގެ ވަރަށްމޮޅު ރޭޑިޔޯއެއް ކުޑަކުޑަ ޗާޖަރަކާއެކު އެންމެ ކުދިސައިޒުގެ ދެބުރިބެޓެރީން ޗާޖުކުރެވޭ ވައްތަރުގެ އޮންނާނެއޭ ބުނުމުން، ބައްދަލުކުރަންވީ މީހެއްބުނާށޭ ގެނެސްދީފާނަމޭ ބުނެފިއެވެ. ދެން އަޅުގަނޑަށް މަޖްބޫރުވީ މީނާލައްވާ އެކަން ކުރުވާށެވެ. ބުނިދުވަހު ނޫން އަނެއް ޑިއުޓީއަށް އައީ އޭތިހިފައި ގެންނެވެ. އިތުރު ބެޓެރީ ވެސް ގެނެސްދިނެވެ. މީތި އަޅުގަނޑު އަތަށް އެރުމުން ފުރަތަމަ ވެސް ﷲ އަށް ޝުކުރު ދަންނަވާއި މިކަން ބޭޒާރު ނުވުމަށް އެދި އެތައް ދުޢާއެއް ﷲ އަށް ކުރީމެވެ. އަދި ދެރަކްއަތް ނަމާދެއްވެސް ކުރީމެވެ. އާދެ! މިކަން ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. 18 މަސްދުވަހު ދޫނިދޫ ކުޑަގޮޅީގައި މިރޭޑިޔޯގެ ބޭނުން ހިފުނެވެ. އަދި 18 މަސްފަހުން ގާމާދޫ ޖަލަށް ބަދަލުކުރި ދުވަހުގެ ޗެކިން ކުރުމުގެ ތެރޭގައިވެސް ނުފެނި ގާމާދޫ ޖަލަށް ބަދަލުވެވުނީއެވެ. އެކިބައިބައި ބެހެއްޓީ އެކިއެކި ހެދުމާއި ފަޓުލޫނާއި ތުވާލީގައި ފޮރުވާފައެވެ. ވަކިވަކިން ހުރިހާއެއްޗެއް ބެލިއިރުވެސް އެއިން އެކަތިކޮޅުވެސް ނުފެނުނެވެ. އެދުވަހު ވެސް ﷲއަށް ދުޢާދަންނަވާއި ޝުކުރު ކުރީމެވެ. އޭގެ ދިހަވަރަކަށް މަސްފަހުން ޓީވީ ބެލެންފެށުނު ހިސާބާއި އަދި އޭގެފަހުން މުޅިއެކު ތިންއަހަރު ފުރުނު ތަނާހެން ގެއަށް، ގެނެވެން ދެންވެސް އެރޭޑިޔޯ އަޅުގަނޑު އަތުގައި އޮތެވެ. ބަރާބަރަށް ދިވެހިރާއްޖޭގެ އަޑާއި ބީބީސީގެ އަޑުލިބެމުން ދިޔައެވެ. އަޅުގަނޑު ޖަލުގައި ހުރިއިރު އެންމެ ހިތްހަމަޖެހުނީ މިކަމާއެވެ. މިކަންކޮށްދިން ސިފައިންގެ ކުއްޖާކަހަލަ ހެޔޮއެދޭ ކުދިންނާ ދިމާވިއެވެ. އާދެ! އެފަދަކުދިންނާއި، އެފަދަ މީހުންނަކީ ވެސް މިގައުމުގެ އިސްލާހީ ހަރަކާތުގެ އަމަލީ ބައިވެރީންނެވެ. އެމީހުންނަށް، ﷲ ރަހްމަތް ލައްވާށިއެވެ! އާދެ! ހުކުމަށް ފަހުވެސް 18 (އަށާރަ) މަސްދުވަހު ދޫނިދޫ ކުޑަގޮޅީގައި ބެހެއްޓުމަށް ފަހު، ކ.ހިންމަފުށީ ގާމާދޫޖަލުގައި އަނެއް 18 (އަށާރަ) މަސްދުވަސް ބެހެއްޓުމަށް ފަހު، މިނިވަންކުރީ، މިރެޖީމުގެ އެންމެމަތީބާރު އިންނަވާ، ޑިފެންސް މިނިސްޓްރީގެ މަތީގައި ހުންނަ ރަސްމީ ކޮޓަރިކޮޅުގައި ގިނިކަންޏާ އިންނަވައިގެން، އަޅުގަނޑާ ވިއްސަކަށް މިނެޓް ވާހަކަ ދެއްވުމަށްފަހު، އަނެއްދުވަހު އެޓޮލްސް މިނިސްޓްރީއަށް ދައުލަތުގެ ވަޒީފާއަށް ނުކުންނަ ގޮތަށެވެ. މިއީ މައުމޫނު ރެޖީމުން އަޅުގަނޑުމެންނަށް ދެއްކި ސާފުއަނިޔާއެވެ. މިވާހަކަތައް ކިޔާލުމުން ބަޔަކު ފިއްކަނޑައިގެން ދާނެއެވެ.
4- ހަތަރުވަނަ ފަހަރަށް ޖަލަށް ގެންދިއުން :
އާދެ! މިފަހަރު ޖަލަށް ގެންދިޔައީ ޝަހީދު އީވާން ނަސީމުގެ މަރާގުޅިގެން، 20 ސެޕްޓެންބަރ 2003 ވަނަ ދުވަހު މާލޭގައި ހިނގި ސިޔާސީ ކަންތައްގަނޑު ލީޑްކޮށްދޭން ވެރިޔަކަށް، އަޅުގަނޑު ހުރުމުގެ ތުހުމަތުގައެވެ. އާދެ! 45 ދުވަހު ކޮންކްރީޓް ބަންކަރެއްގައި ބެހެއްޓުމަށް ފަހު، ދޫކޮށްލީ ދެން އިތުރަށް ކުރާނެ ސުވާލެއް ނެތްކަމާ، މިހާތަނަށް ކުރަންހުރި ސުވާލުތައް ނިމުނީކަމަށް އަންގާ ސޮއި ކުރުވާފައެވެ. މިއީ އަޅުގަނޑުގެ މައްޗަށް ސާބިތު ހެއްކެއްނެތި ރާވައިގެންކުރި ބޮޑު ތުހުމަތެކެވެ. މާލޭގައި ހަމަނުޖެހުން ހިނގި ދުވަހު، އެވަގުތު އަޅުގަނޑުހުރީ ހުޅުމާލޭގައެވެ. މިކަން ދަންނާނެ ހެކިންވެސް ތިއްބެވެ. މިބަންކަރު ހުންނަނީ، މާލޭގައި ހުންނަ ޝަހީދު ހުސައިން އާދަމް ބިލްޑިންގްގެ ބިމުއަޑީގެ ބައިގައެވެ. މިތާގައި ފެންޖަހައި އިންސާނާ ފިނިކޮށްލެވޭ ގޮތަށް ހަދާފައި ހުންނަ ދެތަނެއްވެސް ހުރެއެވެ. މިއީ ފާޚާނާއެއް ވަރުގެގެ ގޮޅިއެކެވެ. އެތަނަށްލާ ތަޅުލުމަށްފަހު ދޫކޮށްލަނީ މުޅިތަނުގެ ތެރެއަށް ބުރާގޮތަށް ފިނިފެނެވެ. އިންސާނާ ވަކިވަރަކަށްވުރެ ބޮޑަށް ފިނިކޮށްލުމުން އެއްބަސްކުރުވާ، އިއުތިރާފް ކުރުވާއި ބަޔާނުގައި ސޮއިކުރުވަން ފަސޭހަކަމަށް އޮފިސަރުން ބުނެއެވެ. އާދެ! މިބަންކަރަކީ، އެއްގޮތަކަށް ވެސް ގުދުރަތީވައި ނުވަންނަ ގޮތަށް، ކޮންކްރީޓްކޮށްގެން ބިއްތައް ހަދާފައިހުރި، ކުޑަކުޑަފާޚާނާ އަކާއެކު ހުންނަކުޑަ ކޮޓަރިއެކެވެ. އަބަދުވެސް ހުންނަނީ ތަޅުލާފައެވެ. މިވަށްތަރުގެ ދެތަންހުރެއެވެ. މިތަނަށް ލެވޭމީހުން ބަލަހައްޓަމުން ގެންދަނީ އެންދާ ދިމާއަށް ހަރުކޮށްފައި އިންނަކުޑަ ކެމެރާއަކުންނެވެ. މިބަންކަރަށް ދުނިޔޭގެ އަލިކަމެއް ދުނިޔޭގެތާޒާ ވައިކޮޅެއް ނުލިބެއެވެ. މިބަންކަރު ތެރޭގެ ހުރިހާ ހަރަކާތެއް ސިއްރުކެމެރާ ތަކުން 24 ގަޑިއިރު ރެކޯޑްކޮށް ބަލަހައްޓައެވެ. މިތަނަށް ހުންނަނީ، މެޝިނަކުން މަޞްނޫޢީ، އާޓިފިޝަލް ވައިފޮނުވާފައެވެ. މިވައި ހުންނަނީ ކުޑަކޮށް ހޫނުކޮށެވެ. ބޭރުގައި ހުންނަ އެކިވަސްތައް އެކިފަހަރު އެތެރެއަށް ވަދެއެވެ. ބައެއްފަހަރު ދުމުގެ އަސަރުވެސް ހުރެއެވެ. މިއީ ނަފްސާނީ ގޮތުން ވަރަށް އަނިޔާވެރި ތަނެކެވެ. ދޫނިދޫ ކުޑަގޮޅިން، 45 ދުވަހުތެރޭގައި ނަފްސާއި ތަބީޢަތަށް ނުވާގެއްލުން، މިބަންކަރުގައި ހޭދަކުރާ އެއްދުވަހުން ވެއެވެ. މުޅި ހަންގަނޑު ހުންނަހީ ފާޑަކަށް ހިކިލާފައެވެ. ތެތްކަން ކެނޑިފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މުޅި ހަށިގަނޑުގައި ރިއްސާއި މައިބަދައަށް ތަދުވެ، ރިހެން ފަށައިފިއެވެ. 45 ދުވަހުތެރޭގައި ދެފަހަރަކު އަރިއަޅާލައި ގެން ވެއްޓުނެވެ. މިކަން ޑިއުޓީއަށް ފާހަގަކުރެވި، އެނގުނުކަމާއި އަންގަންޖެހޭ މަތީ ފަރާތްތަކަށް ވަގުތުން އެންގުނުކަމަށް އެތާނގެ ޑިއުޓީގައި އިސްކޮށް، ހަވާލުވެގެން ހުންނެވި މީހާގެ ފަރާތުން އަޅުގަނޑަށް ބުނެދީފައި ވެއެވެ. އެހެނަސް އެކަމާ އަޅާލި އެކަކުވެސް ނެތެވެ. އެބުރުގައި އެއްގޮތަކަށް ވެސް ޑޮކްޓަރަށް ދައްކައެއް ނުދެއެވެ. އެހާލުގައި ވަނިކޮށް ދޫކޮށްލީއެވެ.
5- ވަނަފަހަރަށް ދޫނިދޫޖަލަށް ގެންދިއުން :
އާދެ! ފަސްވަނައަށް ގެންގޮސް ދޫނިދޫޖަލުގައި ބަންދުކުރީ، 2004 އޯގަސްޓް 12 އަދި 13 ގައި ޖުމްހޫރީ މައިދާނުގައި، ރާއްޖޭގެ އިސްލާހީ ހަރަކާތުގެ ބައިވެރިން ހިންގި ކަންތަކާ ގުޅޭގޮތުންނެވެ. މިއީ މަޝްހޫރު ކަޅުހުކުރުގެ ގޮތުގައި މުޅިދުނިޔެއަށް މަޝަހޫރުވެގެން ދިޔަ ކަންތައްގަނޑެވެ. މިކަން ވެގެންދިޔައީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދިވެހި ރާއްޖެއަށް، ވަރަށް ބޮޑަށް ސަމާލުކަން ދިން ހަރަކާތަކަށެވެ. 13 އޯގަސްޓްވީ ދުވަހު ޖަވާހިރުވާދީން ނެރެގެން ގެންދިޔަގޮތަށް އަޅުގަނޑު ގެންދިޔައީ، ދޫނިދޫކުޑަ ގޮޅިއަށެވެ. ކުޑަގޮޅިން އެނބުރި ގެއަށް ބަދަލުކުރީ، 9 ނޮވެންބަރ 2004 ވީ އަންގާރަދުވަހު ހަވީރުއެވެ. ކުޑަގޮޅީގައި ބަރާބަރު 89 (އަށްޑިހަނުވައެއް) ދުވަހު ބެހެއްޓުމަށް ފަހު، ގޭބަންދަށް ގެނައިގޮތަށް އަދިވެސް އިލްޔާސް ހުންނެވީ ގޭގެބަންދުގައެވެ. 1 ނޮވެންބަރ 2004 ގައި އިލްޔާސްގެ މައްސަލަ ރަސްމީކޮށް ޝަރުޢީކޯޓަށް، ސަރުކާރުން ހުށަހަޅުއް ވާފަކަންވަނީ، އާންމުކޮށް އިއުލާނު ކުރައްވާފައެވެ. އެހެނަސް ﷲގެ ސުނާމީކޯފާ މައުމޫނު ރެޖީމަށް ވަބާއެއްގެ ގޮތުގައި، ހަމަމިއަހަރުގެ ޑިސެންބަރ 25 ވި، ކްރިސްމަސް ދުވަހުދެގެ ރެޔާދިމާކޮށް، އެމަޖާކުރުންތައް ނިމުނުތަނާހެން، ލައިގަތުމުން ކޯޓުގައިއޮތް އަޅުގަނޑުގެ ހުކުމް ނަންގަވާއި ކަޅުހުކުރުގެ އެންމެހާބައި ވެރީންނަށް މަޢާފުދެއްވީ އެވެ. އާދެ! އެހިސާބުން ކޯޓަށްވެއްދި ދެގަޒިއްޔާވެސް ނިމުމަކަށް އައީއެވެ. މިކަމުގައި ބަންދުކުރީ، ގާނޫނުނަންބަރ: 4/68 (އާންމު ގާނޫނުތަކެއް) ގެ 6 ވަނަ މާއްދާއާއި “ހައްޔަރު ކުރެވިދާނެ ބާވަތުގެ ކުށާއި ހައްޔަރު ނުކުރެވޭނެ ބާވަތުގެ ކުށުގެ ގަވާއިދު” ގެ ޖަދުވަލު 1 ގެ 2 ވަނަ މާއްދާގެ ދަށުންނެވެ. އަޅުގަނޑުގެ ތަހުގީގުނިމި، ރާއްޖޭގެ އިދާރީ އާދަކާދައިގެ މަތިން ތިންކޮޕީގައި ސޮއިކޮށް ނިމުނީ، 6 އޮކްޓޯބަރ 2004 ވަނަ ދުވަހުއެވެ. މިހިސާބުން ވަނީ، ރަސްމީ ސިފައެއްގައި ތަހުގީގު ނިމިފައެވެ. އެހެނަސް ދޫކޮށްނުލާ ޖަލުގައި ބަހައްޓާފައި ހުރީ، ގާނޫނާއި ގަވާއިދާ ޚިލާފަށެވެ. ޚާއްސަ މަޖިލީހުގެ ރަސްމީ ޖަލްސާތަކަށް ހާޒިރުނުކޮއްދެނީ ވެސް ގާނޫނާއި ގަވާއިދާ ޚިލާފަށެވެ. މިކަންތަކުގެ ޒިންމާ، މައުމޫނުގެ ރެޖީމުން އުފުލަން ޖެހޭނެއެވެ. ކޮނޑުގައި އަޅަންޖެހޭ ނެއެވެ. މި އިންޓަރވިއުއަށް މައުލޫމާތު އެއްކުރެވިފައި ވަނީ، އިލްޔާސް ކުޑަގޮޅީގައި ހޭދަކުރި 89 ދުވަހުގެ ތެރޭގައި އެގޮތް މިގޮތުންނެވެ. މިއިންޓަރވިއު ރާވާލުމަށްފަހު، ޑީއޯ އަށް މިފޮނުވަނީ، އިލްޔާސް ގެއަށް ބަދަލުކުރުމުން އޭނާއާ ސިއްރުން ބައްދަލުކޮށް ވާހަކަދެކެވުމަށް ފަހުގައި ކަމަށް ވަތީ، ގިނަވާހަކަތައް ހުންނާނީ، މިސިއްރު ބައްދަލު ވުމުގައި އިލްޔާސް ކިޔައި ދެއްވި ބަހުރުވައިން ނެވެ. އެއީ 9 ނޮވެންބަރ 2004 ވަނަދުވަހުގެ ރޭގަނޑުން ބޮޑުބައެއްގައި މާފަންނު ޖަވާހިރުވާދީގައެވެ.
ސ : 13 އޯގަސްޓް 2004މ. ވި ދުވަހު ކަޅުހުކުރުގައި އިލްޔާސް ބަންދުކުރީ ކީއްވެ، ކިހިނެއް، ކޮންތާކުންތޯ އެވެ؟
ޖ : އާދެ! ކަޅުހުކުރު (އޯގަސްޓް 12/13) އަކީ، ވަރަށް ތާރީޚީ ހާދިސާއެކެވެ. އެއީ ބުރާސްފަތި ދުވަސްތަކު ތެރެއިން، ބުރާސްފައްޗެކެވެ. 13 އޯގަސްޓް 2004 ވި ހުކުރު ދުވަހުގެރޭ 7:30 ގައި ބީބީސީ އިން، އޭޝިޔާޓުޑޭ ބަލަން އިންދާ ސިފައިން އަޅުގަނޑު ބަލާ އައީއެވެ. ކަޅުހުކުރާބެހޭ ގޮތުން އަންނިގެ ވާހަކަތައް އަހާނުލެވި ދާންޖެހުނީމާ ވަރަށް ދެރަވިއެވެ. އާދެ! އަޅުގަނޑު އިނީ، ގާނޫނު އަސާސީން ހުރުމަތް ތެރިކަން ލިބިގެންވާ އަޅުގަނޑުގެ އަމިއްލަގޭގައި އަނބިމީހާއާއެކު، އަދި އަޅުގަނޑުގެ ދެ ކުޑަކުދިންނާއެކު، ޓީވީ ކުރިމަތީގައެވެ. ސިފައިންގެ ފަސްބޭކަލުން ފުލްކިޓްގައި އައިސް ޖަވާހިރުވާދީއަށް ވަދެ، އަޅުގަނޑުގެ ކޮޓަރިއަށް އައިސް، އިލްޔާސް ކޮބާހޭ؟ ސިފައިންގެއަށް ދުރުވަންވީއޭ ބުނުއްވުމުން، އަޅުގަނޑު ތައްޔާރު ވެލައިގެން އަތުގައިއޮތް މޯބައިލްފޯނާއި ޖީބުފައިސާ ދަބަސް އަންހެނުންނަށް ދީފައި ސަލާންގަލަން ކުރުމަށްފަހު، ހިނގައިގަތީއެވެ. މަގުމައްޗަށް ނުކުތްއިރު ސިފައިންގެ ޖީޕެއް ތައްޔާރަށް ގޭގެ ކުރިމަތީގައި އޮތެވެ. ޖީޕަށް އަރާށޭ ބުނުމުން، އަޅުގަނޑު އެރީއެވެ. ގެންގޮސްބޭލީ ބަނޑޭރިގޭ ކުރިމައްޗަށެވެ. މުޅި އެހިސާބުގައި އޮތީ، މުގުރު ހިފައިގެންތިބި، ސިފައިނެގެ މީހުންތަކުން ފުރިބާރު ވެފައެވެ. ޖީޕުގެދޮރު ހުޅުވާލައި ބޭލުމަށްފަހު، ލޮލުގައިހުރި އައިނުނަގާ ޖީބަށްލާށޭ ބުނެ، ދެމީހުން އަޅުގަނޑުގެ ގައިގާ ހިފަހައްޓާ، ވަރަށްބާރަށް ކަޅުފޮތި ގަނޑަކުން ކަނުބަނދެފިއެވެ. ދެން ދެއަތްފުރަގަހަށް ދެމީހުން ހިފާފައި ގެންގޮސް އެއްކޮށް ލުމަށްފަހު، ޕްލާސްޓިކް ސްޓްރިޕް (ކޭބަލްޓައީ) އަކުން ބަނުމަށްޓަކައި އަތުގައި އޭތިއަޅުވައި ފިއެވެ. މިއީ ހަނގުރާމަ މަތީގައި ކުއްވެރިން ހިފުމަށްފަހު، ހައްޔަރުކުރުމަށް އަޅުވާ ވައްތަރުގެ އެއްޗެކެވެ. ވަގުތީ ބިޑިއެއްގެ ބޭނުން ހިފަނީއެވެ. ބިޑިއަޅުވަން ޖެހޭ ތަނެއްގައި މިވައްތަރުގެ ކްލިޕް، މިކަހަލަ ކަމަކަށް ބޭނުންކުރުމަކީ، ބައިނަލް އަގްވާމީ ގޮތުންމަނާ ކަމެކެވެ. ދެއަތާ އެއްކޮށް އެޅުވުމަށްފަހު، އަނެއްކޮޅު ލައްވަން އިންނަތަނަށް އެކޮޅު، ވައްދާފައި އެކޮޅުގައި އޭނާގެއަތުން ހިފާ، އަޅުގަނޑުގެ ދެއަތުގެ ބުރަދަނަށް ދެލުތްކެއްޖަހާ ވަރަށްވާން ކޮއްލިއެވެ. ވާންވެގެން ދިޔަވަގުތު ވަރަށް ބޮޑަށް ތަދުވިއެވެ. ހަންގަނޑު ފިތިގެން ދިޔައެވެ. ހަމަ އެވަގުތު ފޮޓޯއެއް ނެގިކަން، ފްލޭޝްއަލިވުމުން އަޅުގަނޑަށް އެނގުނެވެ. ކުރިންއޮތީ، އަންހެން ފުލުހަކު ކެމެރާއެއް ހިފައިގެން އެތާހުއްޓާ ފެނިފައެވެ. ފުރަތަމަވެސް ހިނގާށޭ ކިޔާފައި ބުރަކަށީގައި އަޅާކޮއްޕާލިއެވެ. ދެން ގެންދިޔައީ ވިކަމުންނެވެ. ބުރަކަށީގައި ވިކާހެދިއެވެ. މޭމަތީގައި ވެސް ބާރަށް ވިކާހެދިއެވެ. އަދި ހިންގަމުން ގެންދިޔަ ވަގުތު ގެންދިޔައީ ދެފައިގާ ދަނގަނޑު ބޫޓުން ތަޅަމުންނެވެ. މަލާމާތުގެ ރާގަށް ހަޑިހުތުރު އެއްޗެތި ގޮވިއެވެ. ސިފައިންގެ އަޚްލާގާއި ސުލޫކާ ނުގުޅޭ ގޮތަށެވެ. މިހިރަ ބޮޑުމީހާ ތިހިރީ ކީއްވެފައިހޭ؟ މަޑުން ނުހުރެ ދުއްވައި ގަންނާށޭ، ބޮޑު ސިޔާސީމީހާޔޯ، އަބްދުﷲ ހަމީދު އިސްތިއުފާއަށް ގޮވާ، އދ.ގެ މެންބަރޯ މިހިރީ، ގޮވާހެދިއެވެ. އަދި މިޒާތުގެ ޖެއްސުމުގެ ބައިވަރު ބަސްތައް އިއްވަމުން ގެންދިޔައެވެ. މިއީ ސިފައިން ތަޅަމުން ތަޅަމުން ގެންދިޔައިރު ކިޔަމުންދިޔަ އަންބާއެކެވެ. ކަނާއަތު ފައިގެ ކަކުލުގައި ހަންމަށައިގެން ގޮސް ކުޑަކޮށްފާރުވި ލަކުނެއް މިހާރުވެސް ފާހަގަވާން އެބަހުއްޓެވެ. ޖަލުން އަޅުގަނޑާ ބައްދަލުކުރި ބައެއް ބޮޑެތި މީހުންނަށް މިލަކުނު، ފާރުވެފައި ހުއްޓާދެއްކީމެވެ. އަދި ބަނޑޭރިގޭ އެތެރެވުމުން ދެއަތުގެ ގޮށްމުށުގެ ދަށް ފަރާތުން ވަރަށް ބާރަށް ދެއަތުން މީހަކުޖަހާ ގަޅުވާލާފައި ބާރަށް ހިނގާށޭ ބުންޏެވެ. މިކޮއްޕާލުމުން އަޅުގަނޑު ގޮސްފާރެއްގެ ދާރާގައިޖެހި ކަނާއަތު ކޮނޑުހުޅުގެ ތިރިންތަނެއް ލޭއަންނަވަރަށް މަށައިގެން ގޮސްފައި ހުއްޓެވެ. އެލަކުނު އަދިވެސް ފެންނަން އެބަހުއްޓެވެ. ގެންދިޔަ ހިސާބަކަށް ގެންދިޔައީ މިގޮތަށް ތަޅާއި އަނިޔާ ކުރަމުންނެވެ. އެތެރޭގެ ވަކި ހިސާބަކުން އަޅުގަނޑަށް، ސިފައިންގެ އޮފިސަރެއް ކަމުގައި އުޅުއްވާ އައްޑޫ އިބްރާހީމް ދީދީގެ އަޑުއިވުމުން، އޭ! އިބްރާހީމް ދީދީއޭ ބުނެގޮވާ، އަތުގައި އަޅުވާފައި މީނދި ކޭބަލްޓައީ ދޫކޮއްލަދޭށޭ، މިއީ ބޮޑުކޭބަލްގަނޑެއް ނޫނޭ، ކައްޓާއިމަހާއި ލެޔޭބުނެ މިހާރުބެއްލެވިޔަސް ހުންނާނީ ނޫފާގަނެފައޭ، ވަރަށް އެބަތަދުވެޔޭ، އައްސިވެއްޖެއޭ، ބުނީމާ އޭނާ، ދޫކުރާށޭ ބުނެލިއަޑު އިވުނެވެ. އެހެނަސް އަޅުގަނޑު ހިފަހައްޓައިގެން ތިބިސިފައިންގެ ބޭކަލުން އެކަމެއް ނުކުރެއެވެ. އެކަކު އަތުގައި އަތްޖައްސާލިކަން އިހްސާސް ކުރެވުނެވެ. މިގޮތަށް ތިންފަހަރު ތަކުރާރުކޮށް، އިބްރާހީމްދީދީއާ ދިމާލަށް އޭނާވާހަކަ ދައްކާއަޑު އަޅުގަނޑަށް އިވެމުންދާތީ، އެހެންބުނެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ތިޔަބޭފުޅުން، ތިޔަހައްދަވަނީ މިހެންނޭ ކިޔާ ވަރަށްބާރަށް އެއްޗެހި ކިޔުމުން، ހަމަމިހާރު ތީތިދޫކޮއްލާށޭ ބުނުއްވި އަޑު، އަނެއްކާވެސް އިވުނެވެ. އަދި ކަނުމޮހެލާއި އަތްމޮހެލާ، އޭނާމައްޗަށް ގެންދާށޭ، އޭނާއަކީ މަޖިލީހުގެ މެންބަރެކެވެ. މިހެން ބުނުއްވިއެވެ. ދެން ހަމަ އެވަގުތު އެކަންކޮއްފިއެވެ. މިގޮތަށް ކަނުބަނދެފައި ހުރިހުރުމުގައި އަޅުގަނޑުގެ ކަނާތު މުލައްދަނޑީގައި ދެލިކާއްތާކަން އިހްސާސް ކުރެވުނެވެ. ކަނުމޮހެލުމުން އެނގުނީ އޭރުއަތުގައި، ބޮޑުއަކުރުން ހިސާބުގެ 140 މިއަކުރުތައް ޖެހީކަމެވެ. ވަރަށް ބޮޑުއަކުރުން ނޫކުލައިން 140 މިހެން ލިޔެފައި ހުއްޓާފެނުނެވެ. މިއަކުރުތައް މުޅިން ފޮހެވުނީ ދެތިން ދުވަސްވީ ފަހުންނެވެ. ފަހަރުގައި މީގެމާނައަކީ، އަޅުގަނޑަކީ، ސަތޭކަސާޅީސް ވަނަ މީހާއަށްވުން އެކަށީގެންވެއެވެ. ދެން އުނިމާ އަބްދުﷲ ރަޝީދުއޭ، ކިޔާއޮފިސަރަކު ސިޑިއާ ހަމައިން ދިމާވުމުން އަޅުގަނޑު ގެނައިކުދިން އޭނާއާ ހަވާލުކޮށް އަޅުގަނޑު މައްޗަށް ގެންގޮސް އަތްގަނޑާއި ފުރޮޅުލީ ބޮޑު ގޮނޑިއެއްގައި ބޭންދީއެވެ. އަޅުގަނޑު ގޭންއައި އިރު ވުޟޫމަތީގައި ހުރީމާ، ދެންއަވަހަށް އެގޮނޑިކައިރީ ތަޅުންމަތީގައި ޢީޝާނަމާދުކޮށް ﷲއަށް ދުޢާކުރީއެވެ. އެތާގައި އިބުރާ، މުނައްވަރު، ގާސިމް، އަދި ޒަކީވެސް ދުރުދުރުގައި ބައިތިއްބާފައި ތިއްބާ ފެނިއްޖެއެވެ. އެކިމީހުންތިބީ އިމާރާތްތެރޭގައި އެކިދިމާދިމާލަށް ވާގޮތަށް ބައިތިއްބާ ފައެވެ. އަޅުގަނޑުމެން ފަސްމީހުން ވަކިވަކިން އެތާތިއްބައި އެތަނަށް ތ.އަތޮޅު މެންބަރ ހުސައިން ރަޝީދު ހަސަނާއި ބ.އަތޮޅު މެންބަރ އަލީފާއިޒު ގެނައެވެ. އާދެ! ކަނުމޮހެލުމުން އެތާތިބި މީހުންނަށް އަނިޔާ ކުރަމުންދިޔަ މަންޒަރު ފެނުނެވެ. އިރާގު/އެމެރިކާ ހަނގުރާމާގައި ބަރިބަރިޔަށް ކަނުބަނދެފައި މީހުންބައި ތިއްބާފައި ތިއްބާ ޓީވީން ފެންނަހެން، އެތާ ބަނޑޭރިގޭ ބިންމަތީގައި ބަރިބަރިޔަށް ކަނުބަނދެ ދެއަތާއި ދެފައިގާ ޕްލާސްޓިކް ސްޓްރިޕް އަޅުވާފައި ތިބި ސަތޭކައަށް ވުރެ ގިނަމީހުން ތިއްބާފެނުނެވެ. އެއްބަޔަކު އެއްލާލާއި އުކާލާފައެވެ. ނަސީބަކުން ތިބީފުންޏަކަށް ނޫނެވެ. ބަރިބަރިޔަށް އަތުރާފައި ތިބީއެވެ. އެއްބަޔަކު އުއްޑުންނާއި ބަންޑުން ތިއްބެވެ. ފައިނުބަދެ ތިބިމީހުން ބަރިބަރިޔަށް ބައިތިއްބާފައި ތިއްބެވެ. ކޮންމެ ދެތިން މީހަކަށް ގާޑަކުހެން ފެންނަން ހުއްޓެވެ. ބައެއްމީހުން ރޯއަޑު އިވުނެވެ. ހެދުންވީދި ހެދުމުގައި ލޭ ފެންނަންހުރި މީހުން ތިއްބެވެ. އަޅުގަނޑުމެން މަތީގައި ތިބިއިރު ތިރިން ރޮއިގަންނަ އަޑުފައްގަނޑު އިރުއިރުކޮޅާހެން ބާރަށް އިވެއެވެ. އަޅުގަނޑުމެން ހަތްމީހުން ބަލަހައްޓަން މަތީގައި ތިބިފޯރިތައް ކުޑަދޮރުތަކުން އެމަންޒަރު ބަލާއި އުފާލިބިގަންނަ ތަން ފެނެއެވެ. އަޅުގަނޑު މެންނަށް ކުޑަދޮރަކާ ހަމައަށް ނުދެވެއެވެ. ދެން މެންދަމު 3:30 އެހާކަންހާ އިރު، ބަނޑޭރިގޭން ނެރެގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގެންގޮސް މިބަންދުކުރެވެނީ، 12 އަދި 13 ވަނަދުވަހުގެ ޣައިރުގާނޫނީ އެއްވުމަށް ހިތްވަރުދީ، އެކިގޮތްގޮތަށް އެހީތެރިވެދީގެން ކަމަށް އެންގިއެވެ. މިކަންތައް ކުރެއްވީ، ނަވާޒުއޭ ކިޔާ އޮފިސަރަކާއި އަލީއަހްމަދުއޭ ކިޔާ އޮފިސަރެކެވެ. މިދެއޮފިސަރުން ބޭނުންވީ އަވަހަށް ކުރުކުރުބަޔާނެއް ހަދާލާފައި ދޫނިދޫއަށް ފޮނުވާލާށެވެ. ދެން ފަތިސް ނަމާދަށް ބަންގިގޮވިފަހުން، ކޯސްޓްގާޑްގެ ގަލްފްކްރާފްޓް ބްރޭންޑްގެ ސްޕީޑްލޯންޗެއްގައި ގެންދިޔައީ ދޫނިދޫޖަލަށެވެ. ތުނިތުނި މުންޑަކާއި ހުދުޓީޝާޓަކާއި ދަތްއުނގުޅާ ބުރުހަކާއި ބޭސްފުޅިއަކާއި ސައިބޯންޏެއް ދީފައި، އެތަކެތި ލިބުނުކަމަށް ސޮއިކުރުވާއި އިނގިލީގެ ނިޝާން ނެގުމަށް ފަހު ވެއްދީ، ދެނަންބަރު ޖަލުގެ 17 ނަންބަރު ކުޑަގޮޅިއަށެވެ. އޭރު އަދި އިރުނާރާނެ އެވެ. ދެންގޮޅީގައި އެންމެ އަވަހަށް ކުރަންޖެހުނު ކަންތައްކަމުގައިވާ، ފަތިސް ނަމާދު ކުރުމަށްފަހު ﷲއަށް ދުޢާ ދެންނެވީއެވެ. މިފަދަ ޖައްބާރު އަނިޔާވެރި ވެރިންގެ އަނިޔާތަކުގައި ތިބޭއިރު، ﷲގެ ހެޔޮރަހުމަތުގައި ބޭތިއްބެވުމަށާއި ﷲ ދެއްވި ބުއްދި ސަލާމަތުން ލެއްވުން އެދިއެވެ. ދޫނިދޫގައި ހިންގި މިއިދާރީ ކަންތައްގަނޑު ހިންގެވީ، އެތާގެ ވެރިއަކަށް ހުންނެވި، ލޭޑީއިބްރާހީމް މަނިކެވެ. މިއީ ޖަލުބަލަހައްޓާ ބޮޑުމީހާއެވެ. އޭރު ދޫނިދޫގައި އެއްފަށުގެ އަބްދުﷲ އަބްދުއްރަހީމް އޭކިޔާ މީހެއްގެ ހަވާލުގައި 15 ވަރަކަށް ބޭކަލުންގެ ޓާސްކްފޯހެއް މެދުމިނު ހަތިޔާރާއެކު، ދޫނިދޫގައި ހަރަކާތްތެރި ވަމުން ގެންދިޔައެވެ. މިއީ ކުއްލިހަރަކާތުގެ ފޯހެކެވެ. މިފޯހުގެ މަސައްކަތަކީ، ދޫނިދޫއަށް މީހުން އުފުލުމާއި މީހުން މައިތިރި ކުރުވުމާއި ތަޅާލަންޖެހޭ ދަނޑިވަޅު ތަޅާލާއި އަނިޔާކުރު މެވެ. ދޫނިދޫއަށް ގެނައި މަގުމަތީގަޔާއި ދޫނިދޫއަށް އަރުވާފައި ވަރަށްގިނަ މީހުންނަށް އަނިޔާކުރިކަމަށް ކިޔައިދުން ކުދިން އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައެވެ. ގިރިފުއްޓަށް މާލެއިން ގެންދިއުމުގަޔާއި އަދި ގިރިފުށިން ދޫނިދޫއަށް، ގެނައި މަގުމަތީގައި، ލޯންޗުގައި އަނިޔާވެރިކަމުގެ ވަރަށްގިނަގުނަ ކަންތައްތައް އެކިމީސް މީހުންނަށް ކުރިކަމަށް އެމީހުން ކިޔައިދިނެވެ. ޖިންސީގޮތުން ހާނިކަކޮއްފައި ތިބި މީހުންވެސް ތިއްބެވެ. އަންހެން ކުދިންނަށް ވަރަށް ވަޙުޝީހަމަލާތައް އަރާފައި ވެއެވެ. އަންހެން ކުދިން ކަނުބަނދެފައި ތިއްބާ ތުންފަތުގައި ފިރިހެން ސިފައިންކުދިންގެ ބައެއްތަންތަން ކާއްތާފައި ވެއެވެ. އާދެ! މިކަންތައްތަކަކީ ފަހުން އިންސާނީ ހައްގުތަކާ ބެހޭ އެކިއެކި ޖަމްޢިއްޔާ ތަކުން އޮޅުންފިލާނެ ތެދުހަގީގަތެކެވެ.
ސ : ކިހާދުވަހަކު އިލްޔާސްމެން ކުޑަގޮޅީގައި ތިބެން ޖެހުނުތޯއެވެ؟
ޖ : އޯގަސްޓް 13 ވަނަ ދުވަހުގެރޭ ދަންވަރު ދޫނިދޫއަށް ގެންދިޔަ ގޮތަށް 9 ނޮވެންބަރ 2004 ދުވަހުގެ ހަވީރު 5:00 މިނެޓާ ޖެހެންދެންހުރީ ކުޑަގޮޅީގައި ބަންދުކޮއްފައެވެ. 17 ނަންބަރ ގޮޅީގައި އޮވެފައި 26 ނަންބަރ ގޮޅިއަށް ބަދަލުކުރީ 11 އޮކްޓޯބަރ 2004 ވި ހޯމަދުވަހުއެވެ. އޭރު 17 ނަންބަރުގޮޅީގައި އޮންނަތާ 60 ދުވަސް ވެއްޖެއެވެ. މިދުވަހަކީ، މިތަނުން ކެނެރީގޭ އަބްޖީއާއި އެގޭ ޒުހޭރާއާއި ދޮންބި (އެލީނާ އައްބާސް) ސިލްވަރސީން ނޯޝާދު ވަހީދާއި މާނީ ލަތީފާއި އީވާން ނަސީމުގެ މަންމަ މަރިޔަމްމަނިކެ މެން މީސްމީހުން މާލެ ގެންދިޔަ ދުވަހެވެ. މިގޮތަށް ގޮޅިތައް ބަދަލުކުރަނީ، އަޅުގަނޑުމެން ވެއްދުމާ އެކުހެން ގޮޅިތައް މަރާމާތުކުރަން ފެއްޓުމާ ގުޅިގެންނެވެ. ފަހަރަކު ހައެއްކަގޮޅި ބިއްގަނޑެއް ޖަހާބަންދުކޮށް ލުމަށްފަހު، މަރާމާތު ކުރެއެވެ. ނިމުނީމާ އެބަޔަށް ޖަލު މީހުންބަދަލުކޮށް އަނެއްބައި ގޮޅިތައް ފައްޓަނީއެވެ. މިގޮތަށް މަސައްކަތްކޮށް ހުރިހާގޮޅި ތަކެއް މަރާމާތުކޮށް ނިމެންދެން ކުރިޔަށް ގެންދިޔައެވެ. އަޅުގަނޑު 26 ނަންބަރު ގޮޅިޔަށް ބަދަލުކުރިއިރު، ހުރީ އެގޮޅިއަށް އަލަށްގެންނަ ބަދަލު ގެނެސް މަރާމާތުކޮށް ނިންމާފައެވެ. މިކުރާ މަރާމާތަކީ، ފާޚާނާގެ ދޮރުނެގުމާއި ކޮންކްރީޓުން ކުޑަ މޭޒަކާއި މޭޒުކާރީގައި އިށީންނާނެ ތަނބުބުރިއަކާއި އެއްޗެހި ހެދުމެވެ. އަދި ކޮންކްރީޓުން ދޮރުފަތާނުލާ ކަބަޑެއް ހެދުމާއި ގޮދަޑި ބާއްވާނެ އަށްޓެއް، ކޮންމެ ގޮޅިއެއްގެ ބިއްދަށުފަރާތުގައި ބިތާގުޅިގެން ހެދުމެވެ. މިކަންތައްތައް ގޮޅިތެރޭގައި ކޮންކްރީޓުން ކުރުމުން މުޅިގޮޅި ފުރުނީއެވެ. އަށްފޫޓު އަށްފޫޓުގެ ގޮޅީގައި މިހުރިހާކަމެއް ކުރީމާ، ނަމާދުކޮށްލަން ކުނާއެއްކޮށް ފަތުރާލާނެ ތަނެއް، ޖާގައެއް ނެތެވެ. ދެން ޖެހެނީ ދަތިގޮތަކަށް ގިބުލައަށްވާ ގޮތަށް ނިދާ އަށިމަތީގައި ނަމާދުކުރާށެވެ. ކަސްރަތު ކޮއްލާނެޖާގަ ވެސް ގޮޅިތެރޭގައި ނެތުނީއެވެ. ކުރިޔަށްވުރެ ތާށިކަން ބޮޑުވީއެވެ. ކުރިންހުރި ގޮތުންވެސް ވައިދައުރު ވަނީ ވަރަށް ކުޑަކޮށެވެ. މިހެންހުއްޓާ ވައިވައްދަން ހުންނަ ތޭރިލީ ދެކުޑަދޮރުގޮތުގައި ހުންނަދެއާންގަ ވެސް ހުރީ، އަލަށްގެނައި މަރާމާތުގެ ބަދަލާއެކު އެސްލޯނު ދޮޅުއިންޗީގެ ހިމަހޮޅިތަކެއް ޖަހާއި އެހިމަހޮޅިތަކުގެ ލޯވަޅުތަކުން އެވަންނާނެ މަދުވައިކޮޅެއް ވަންނާނެގޮތަށް ވަށާއިގެން ސިމެންތިން އެކެންޑުންވެސް ބައްދާލާފައެވެ. ކުރިންހުރި ބާގަނޑުވަށްތަރުގެ ކެންޑުމުން ހިމަހިމަލޯވަޅު ތަކަކަށް ބަދަލުވުމާ ގުޅިގެން އެއްގޮތަކަށް ވެސް ވައިދަރުވާ ގޮތެއް ނުވެއެވެ. ކުރިން ލިބުނު ވައިގެ ދަރުވުން ވެސް ދެބައިކުޅަ އެއްބައި މަދުވީއެވެ. މިކަމަކީ އެކެންޑުންތަކުން ބޯދީގެން ބަލާތީއާއި އެއްގޮޅި އަނެއްގޮޅިއަށް ގޮދާވާހަކަ ދައްކާތީ ކުރިކަމެކެވެ. ބައެއްގޮޅި ތަކުގެ ފާޚާނާގެ އަރިމަތީ ބިތުމަތީގައި ހުންނަތޭރި ލެއްވި، ކެންޑުން ވެސްހުރީ ވަރަށްކުޑަ ކޮށްލާފައެވެ. ރަނގަޅު ކުރުމުގެ ނަމުގައި މިހަދަނީ، ހައްތާވެސް ހަށިގަނޑަށް ގެއްލުންވާހާ ގޮތެވެ. ހާސްވާހާ ގޮތެވެ. އަނިޔާވާހާ ގޮތްގޮތެވެ. މަރާމާތު ކުރަމުން ދިޔައިރު ގޮޅިތަކުގައި ތިބި އެންމެން ވެސްތިބީ، ސިއްހީ ގޮތުން ވަރަށްވޭނާއި އަނިޔާގައެވެ. ނޭވާލާން އުނދަގޫވެ އަވަސް އަވަހަށް ނޭވާލުން ކުރުވާގޮތް ބައެއްމީހުން ނަށް، ދިމާވިއެވެ. ދޫނިދޫއަށް ވަޑައިގަންނަވާ އައިޖީއެމްއެޗްގެ އެދުވަސްވަރު ޖަލަށް ޚާއްސަ ކުރެވިފައި ހުންނަ، ޑޮކްޓަރ ޝަކީލަށް މިޚަބަރުތައް ވަރަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. ހެލްތް މިނިސްޓްރީން އޭނާގެ ރިޕޯޓަށް ބެއްލެވުމަށްފަހު، ޖަލުގެ ގޮޅިތަކާބެހޭ ގޮތުން ދިރާސާކުރުމަށް އެތަންބަލާލަން ދިއުމަކީ، ބޭނުންތެރި އަދި އެހާމެ މުހިންމުކަމެކެވެ. ދުވަސްގަނޑެއް މިގޮތަށް ކަޑައްތުވީ ފަހުން، އެމްނެސްޓީ އިންޓަނެޝަނަލުން ވަޑައިގެންނެވި ބޭފުޅުންގާތުގައި މިމައްސަލަ ޖެއްސުމުން، ފޮތިންހަދާފައި ހުންނަޒާތުގެ ނޭފަތާއި އަނގައިގާއަޅާ މާސްކްތަކެއް ގޮޅިތަކަށް ބެހުމުން އެމާސްކް އަޅައިގެން ތިބޭއިރު ވެސް ކުނޑިއާއި ހިރަފުސް ބުރާލެއްބޯކަމުން ބޮލާއި އަތްފައިގެ އިސްތަށިތައް އިރުކޮޅެއް ވާއިރަށްހުންނަނީ، ހިރަފުސް ކުނޑިން ހުދުވެލާފައެވެ. ގޮޅިތައް ބޭރުފަރާތުން ގާނާހަދައެވެ. އަދި ރެނދުތަކުގައި ޕުޓީ އެޅުމަށް ފަހު، އަނެއްކާވެސް ގޭނުމުގެ ބުރެއް ދެއެވެ. ހީވަނީ ޖެއްސުމަކަށް ކުރާކަމެއްހެނެވެ. މިގޭނުންތައް ގާނަންގެން ގުޅެނީ، ބޮޑެތި ގްރޭންޑަރެވެ. ސޭންޑަރ އަޅާތަން އެއްގޮތަކަށް ވެސް ނުފެނެއެވެ. ދެން ދަނގަނޑު ބުރިކުރުމާއި ތޭރިއާއި ދޮރުތައް ވެލްޑިން ކުރުމުގެ ދުމާއި އަޑުފައްގަނޑު އަބަދުވެސް ރޭގަނޑުންބޮޑު ބައެއްގައި އެއްހިނދުކޮޅު ވެސް ކަނޑައިގެން ނުދެއެވެ. އިންތިހާއަށް ކުނޑިބުރައެވެ. ބައެއްފަހަރު ނޭވާލާން އުނދަގޫވާ ވަރުވެއެވެ. އަޅުގަނޑުގެ ފުއްޕާމެއަށް މިކަމުގެ އަސަރުކޮށްފައި ވެއެވެ. ޑޮކްޓަރ ޝަކީލް މިކަމަށް އެއްބަސް ވެލައްވާނެކަން ޔަގީނެވެ. އެންމެންވެސް އުޅުނީ، މިކުނޑިގަނޑު ތެރޭގަޔާއި ގަދަފަދައަޑު ފައްގަނޑުގެ ތެރޭގައެވެ. އެންމެ ހެއްވާކަމަކީ، ގޮޅިތަކުގައި ކުލަލީގޮތާ ހެދިއެވެ. ބޭރަށް ރަނގަޅު ކުލަލީ އެތެރޭގައެވެ. ލޮލަށްފަސޭހަ ވެފައި ހިތްހަމަޖެހޭ ކުލަލީ، ބޭރުފަރާތުގަ އެވެ. ގޮޅިތަކުގެ އެތެރޭގައި ލާފައިހުރީ، ގަދަފިޔާތޮށި ކުލައިގެ މޮޅުކުލައެވެ. ބޭރުގައި މަޑުމަޑުފެހި ކުލައަކަށްދާ ރީތި އަލިކުލައެކެވެ. ގަދަފިޔާތޮށި ކުލައަކީ، ކޭޖީބީ މީހުންގެ އެންމެކުދި އަނިޔާވެރި ގޮޅިތަކުގައި ލާފައި ހުންނަ ކުލައެވެ. އެމީހުންނަށް ގަބޫލުކުރެވެނީ، މިކުލައަކީ އަބަދުފެނުމުން ނަފްސާނީގޮތުން އުދަގޫ ތަކެއްވާނެ ކުލައަކަށެވެ. މިއީ ރަޝިޔާގެ ކުދިގޮޅިތަކާ ބެހޭގޮތުން ބައެއް ދިރާސާތަކުގައި ދެކެވިފައިވާ ވާހަކައެކެވެ. ހީވަނީ ދޫނިދޫގައި މިކަންމިގޮތަށް ކޮށްފައި އެހުރީ ޖެއްސުމަށް ހެނެވެ. އެއްނަންބަރު ޖަލުގައި ހުންނަ 29 ގޮޅި މަރާމާތުކޮށް ނިމުނީ، 20 އޮކްޓޯބަރ ހާތާގައެވެ. ދެން ދެނަންބަރު ޖަލުގައިތިބި، ކަޅުހުކުރުގެ އެންމެންވެސް އެއްނަންބަރު ޖަލަށް ގެނެސް އެންމެން އެއްތަން ކޮށްފިއެވެ. މިމީހުންގެ ތެރޭގައި ސ.މެންބަރ ހުސްނުއް ސުޢޫދާއި މ.މެންބަރ އަހްމަދު ޝަފީޤާއި ވޭވީވޯކް މުހަންމަދު ފުޅާއި އައްޑޫ އައިސީއާއި އިޔާޒާއި ޒިޔާއްޓޭއާއި ޅޮހީގޭމާހިރާއި އަބުސީއާއި ޝައިޚްފަރީދާއި ކުޅުދުއްފުށީ އަންމަޑޭއާއި މާކުންފަލާހާއި ގާރީއަބްދުﷲ އާއި ލ.އަތޮޅު ޝުކޫރާއި އަދި ކުރީގެ ޕްރެޒިޑެންޝަލް ކެނޑިޑޭޓެއް ކަމުގައިވާ ތިނަދޫގޭ މުހަންމަދު ނަޒީރުޖަމާލު ހިމެނެއެވެ. މިއެންމެން އެއްތަންވީމާ ވަރަށްފޯރި ގަދައެވެ. އާދެ! 9 ނޮވެންބަރ 2004މ. ގައި ގެއަށް ބަދަލުކުރަންދެން ހުރީކުޑަ ގޮޅީގައެވެ. މިގޮޅިތަކުގައި 24 ގަނޑިއިރު ތަޅުލެވިގެން ހުރުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނި ގޮތުން ލިބެމުންދާ، ބޮޑު އަނިޔާއެކެވެ. އަދި ހަށިގަނޑަށް އެކަމަގެ އަސަރު ވަރަށް ބޮޑަށް ކުރާނެ އަނިޔާއެކެވެ. އިހްސާސްކޮށް ލެވޭނީ، އެމީހަކު މިގޮތަށް ތަޅުލެވުނީމައެވެ. ލިޔެފައި އޮންނަ އިބާރާތްތަކެއް ކިޔާލިޔަސް އެކަމުގެ އަނިޔާގެ މިންގަނޑު ވަޒަންކޮށް، ކިރައެއް ނުލެވޭނެއެވެ. ބައެއްމީހުން ދުވަސްކޮޅަކަށް ފަހު، މޮޔަގޮވަން ފަށައެވެ. ގޮޅީގައި އޮވެބޯގޮވައެވެ. ބޭނުންވަނީ ވެސް ރަނގަޅަށް ހުންނަމީހާ ގޮޅިޔަށްލާ މޮޔަކޮށްލާށެވެ. ނުވަތަ ސިކުނޑިއަށް ކުޑަނަމަވެސް އުނިކަމެއް އަންނަވަރު ކޮއްލާށެވެ. އަޅުގަނޑުމެން ބޯންގެންނަ ސައިތައްޓަށް ފާޑެއްގެ ކުނޑިއެއް އަޅާފައި ހުންނަކަމުގެ ޝައްކު، އަޅުގަނޑަށް ކުރެވުނު ފަހުން މުޅިންވެސް ގެންނަނީ ހޫނުފެނާއި ސައިފަތްޕެކެޓް ވަކިންނެވެ. ގިރައިގެން ނެނެސްފިއްޔާ ނަގާފައި އުކާލަނީއެވެ.
ސ : ކުޑަގޮޅީގައި އިލްޔާސް ވަގުތުހޭދަކުރައްވަނީ ކިހިނެއްތޯއެވެ؟
ޖ : އަޅުގަނޑަކީ، ވަރަށް ސްޕިރިޗުއަލް މީހެއް، ތިޔޮލޮޖީން ޑިގްރީއެއް ހެދީމާވެސް ވާނީ އެހެންނެވެ. ރޫޙާނީ ގޮތުން ދުވަހުން ދުވަހަށް ދިޔައީ ބާރުގަދަ ވަމުންނެވެ. އުންމީދުތައް ތާޒާވަމުންނެވެ. އާލާވަމުންނެވެ. ހަމައެއް ގޮތަކަށްވެސް ދެރަވެ ފިކުރުބޮޑުވެ ހިތާމަކޮށް ހަދާކަށް ނުޖެހެއެވެ. 18 އޮކްޓޯބަރގައި ނޫސްމަޖައްލާތައް ލިބެން ފަށަންދެން ކިޔާއިފިކުރު ދައުރުކުރާނެ އެއްޗަކަށްއޮތީ، މާތްވެގެންވާ ކީރިތިގުރުއާނެވެ. ފަރުޟާއި ސުންނަތް ހުރިހާ ނަމާދެއް ބަރާބަރަށް ކުރުމާއި ކިޔެވުން އަދި ދުޢާކުރުން އޮންނަނީ، އާންމުވެފައެވެ. މިނޫންކަމެއް ކުރެވޭކަށް ނޯވެއެވެ. އަބަދުވެސް އުޅެންޖެހެނީ، މިފަދައަޅުކަންތައް ކަމުން ރޫޙާނީބާރު ވަރަށް ގަދައެވެ. މިދުވަސްވަރު ކުރެވުނު އެންމެ މުހިންމު މަސައްކަތަކީ، ކީރިތިިިގުރުއާނުގައި ވާރިދުވެފައި ހުރި ހުރިހާނަންތަކެއް ހޯދާއި މުސްލިމުންގެ ޅަދަރީންނަށް އެނަންތައް ކިޔަން ބޭނުންވެއްޖެނަމަ ކިޔޭގޮތަށް، ފާހަގަކޮށް ލިސްޓެއް ހެދުމެވެ. މޮގޮތަށް ކުޑަގޮޅީގައި އިންނައިރު އެއްވެސް މީހަކާ އަނގައިން ބުނުން މަނަލެވެ. ގާޑުންނާވާހަކަ ދެއްކުމަކީ، އަމުދުން މުޅިންމަނާ ކަމެކެވެ. އަބަދުވެސް ވިސްނުމާއި ފިކުރު ގެންގުޅެނީ، މުސްތަގްބަލަށް ކަމުން، ހިތްވަރު އާވެއެވެ. ކުރިމަގު އުޖާލާކޮށް ސިފަކުރެވެއެވެ. ތަސައްވުރަށް ގެނެވެއެވެ. އަބަދުވެސް ކުރިމަތީގައި އާވެތާޒާވަމުނެދާ ތަސައްވުރެއް އޮވެއެވެ. އާދެ! 18 އޮކްޓޯބަރުން ފެށިގެން ހަވީރު، މިއަދު، އާފަތިސް، ނިއޫސްވީކް، ޓައިމްސް، ހުވާސް، ދަރުމަ ފަދަ ނޫސް މަޖައްލާތައް ލިބެއެވެ. ނޫސް ލިބޭއިރު ހުންނަނީ ހަތްދުވަސް ދިހަދުވަސް ވެފައި ހުންނަނޫހެވެ. މަޖއްލާ ލިބޭފަހަރަކު، އެހަފްތާއެއްގެ ތާޒާ މަޖައްލާތައް ހުރެއެވެ. ގަލަމެއް، ފަންސޫރެއް، ކަރުދާހެއް، ނޯޓްފޮތެއް، ވާހަކަފޮތެއް، ޓެކްސްޓްފޮތެއް، ރޭޑިޔޯއެއް ނުދެއެވެ. އަދިވެސް މަނަލެވެ. މިއީ މުޅިންމަނާ ތަކެއްޗެވެ. ގާނޫނު އަސާސީއާއި ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތައް ގެނައުމަކީ، އަދިވެސް މަނާކަމެކެވެ. ސިޔާސީގޮތުން ސިކުނޑިތާޒާ ވެދާނެތީއެވެ. އެންމެ މަޖާކަމަކީ، ދޭތެރެ ދޭތެރެއިން ގޮޅިތައް ރޭޑްކޮއްލާ ކޮށްލުމެވެ. މިކަންކުރާގޮތަކީ، ނޭނގިތިއްބާ ރާސްލާފައި ގޮޅިތަކުގެ ތެރެއަށް ފޯހެއްވަދެ، މުޅިސަރަހައްދު ގާޑްކުރުމަށްފަހު ކޮންމެގޮޅިއެއް އެއްފަހަރާ އެގާޑްގެދަށަށް ގެނެސް ޗެކްކުރަން ފަށަނީއެވެ. މިވީ 89 ދުވަހުގެ ތެރޭގައި ރަސްމީކޮށް ބޮޑުދެރޭޑް އޮތެވެ. ހަށިގަނޑާއި އަނގަވެސް ބަލާޗެކްކޮށް ހެދިއެވެ. ޝައްކުވާ ބައެއްމީހުން އޮރިޔާން ކުރިއެވެ. އަޅުގަނޑުގެ މުންޑުބޭލިއެވެ. ޖަނގިޔާ ހުއްޓެވެ. ބާލާކަށް ނުޖެހެއެވެ. ރިފިލެއް ތުނޑެއް މޯބައިލްޗިޕެއް ފަދައެއްޗެއް ފެނޭތޯއެވެ. ﷲގެ ރަހްމަތް ފުޅުންނާއި ނަސީބުން، މިދެފަހަރު ވެސް އަޅުގަނޑު ސަލާމަތް ވިއެވެ. ބުރުހާއި ދަތްއުނގުޅާ ބޭސްފުޅި އޮންނަނީ ހާމަކޮށް ފެންނަން މޭޒުމަތީގަ އެވެ. ބުރުހުގެ ފަހުކޮޅު އޮންނަގޮތް އަޅައެއް ނުގަނެއެވެ. ގެންގުޅޭ މޮހޮރު ގެންގުޅެނީ ތުވާލީގެ ދެކޮޅުގެ ފަތިޖަހާފައި ހުންނައިރު އެފައްޗަށް ލަނބާލާފައިއިންނަ ދެފޮތިފަށުގެ ދޭތެރެއަށް ލާފައެވެ. ނޯޓްކަރުދާސް ކޮޅުތައް ލީއެކިތަން ތަނަށެވެ. ޚަތިމު ތެރޭގައި އޮތްދެތިން ކަރުދާސްކޮޅު ބަލާލުމަށް ފަހު، ފާހަގައަށް ގެންގުޅޭ ކަރުދާސް ކޮޅުތައް ކަމަށްހީކޮށް އަޅައެއް ނުލައެވެ. ލިޔެފައިހުރީ ކަނޑަނަގައިގެން ކަމަށްވާތީ ފެންނަން އެއްވެސް އެއްޗެއް ނެތުމުން ވީގޮތެވެ. ދެން ބައެއް ކަރުދާސް ކޮޅުލާފައިހުރީ ގެންގުޅޭ، ފަތްޖަހާފައި ގޮދަޑިމަތީގައި ފެންނަންއޮންނަ ޖިންސްގެ ބައެއް ޖީބުތަކަށާއި ކުޑަކޮށް އޮޅާލާފައި އޮތްދެފައިކުރި އަށެވެ. ނިއުޅައިގެން މަތިމަތިން ބަލާލާފައި ޖީބުތަކަށް އަތްނުކޮއްޕާ ނިންމާލީއެވެ. ދެން ބައެއް ކަރުދާސްކޮޅު ފްލޭޝް ޓޭންކާއި ފާރާދޭތެރެއަށް ލީއެވެ. އެބައިވެސް ނުފެނެއެވެ. ﷲ އަށް އަޅުގަނޑު ހަމްދުކުރީމެވެ. އަޅުގަނޑު އަތުން އެއްވެސް އެއްޗެއް ނުފެނުނީމައެވެ. އަޅުގަނޑުމެން ސިޔާސީޕާޓޭން ޗެކްކުރަނީ ޑްރަގްހޯދާކަށް ނޫނެވެ. މިމީހުން ޝައްކުކުރީ، ބޭރުގެ އެކިފަރާތްތަކަށް ޖަލުގައި ތިބެގެން ޚަބަރުފޮނުވުމަށް މޯބައިލްފޯން ގެންގުޅެނީ ކަމަށެވެ. ބޭރުން އަޅުގަނޑުމެންނާ ބައްދަލުކުރާ ވަފުދުތަކާ ދައްކާވާހަކަތަކުގައި މާލޭގެ ސިޔާސީ މަސްރަހަށް އަންނަބަދަލުތައް ހިމެނުމާއި އަޕްޑޭޓްކަމުން މިގޮތަށް ޝައްކުކުރީއެވެ. ފުރަތަމަ ފަހަރު ރޭޑް ޖެއްސީ އެމެރިކާއިން ވަޑައިގެންނެވި، މިސްޓަރ ޖޭމްސްއާ ބައްދަލުކުރި ދުވަހުގެ ފަހުދުވަހުއެވެ. އަޅުގަނޑު މެންނަށް މާލޭގެޚަބަރުތައް އެގޮތްމިގޮތުން ވަރަށް ހޫނުކޮށް ހުއްޓާދަނީ، ލިބެމުންނެވެ. ސިޔާސީ ގޮތުން ރާއްޖޭގެ މަސްރަހަށް އަންނަބަދަލުތައް ހޫނުކަން މަތީގައި އަޅުގަނޑުމެންނަށް ބުނެދޭކުދިން ފޯރިމަރާ ކުދިންތެރޭގައި ތިބެއެވެ. ކިތެންމެ އަވަހާ ފޯރިޓީމު ބަދަލު ކުރިޔަސް މިކަންކޮށްދޭނެ ކުދިން ވެއެވެ. އަޅުގަނޑުމެން ރަނގަޅުކަމުން އެކުދިން ތިބެނީ އަޅުގަނޑުމެން ދެކެ ފާޑެއްގެ ލޯތްބެއް ޖެހިފައެވެ. ކުލުނާއި ހަމްދަރުދީ ޖެހިފައެވެ. ބުނާ ގިނަކަންތައް ކޮށްދެއެވެ.
ސ : ބޭރުގެ ކިތައް ވަފުދާ އިލްޔާސާ ބައްދަލުވިތޯއެވެ؟
ޖ : މީގެކުރިން ހަތަރުފަހަރު ދޫނިދޫ ޖަލުގެ ކުޑަގޮޅީގައި ހުރިއިރުވެސް ނުވާކަމެއް ތިއީ، އެހެނަސް މިފަހަރު ތަހުގީގު ޓީމުތައް ބައްދަލުކުރި ވަރަށްވުރެ މާގިނައިން އެކިއެކި ވަފުދުތައް ޖަލުތަކަށާއި ދޫނިދޫ ޖަލުގެ ކުދިގޮޅިތަކަށް ޒިޔާރަތްކޮށް، އަޅުގަނޑުމެން ކަޅުހުކުރުގެ އެކިއެކި ތުހުމަތުތަކުގައި ހައްޔަރުކޮށް ފައި ތިބިމީހުންނާ ބައްދަލުކުރިއެވެ. މިއީ ވަރަށް އުފާވިކަމެކެވެ. ދުނިޔޭގެ އެތަންމިތާގައި އަޅުގަނޑުމެންނާ އަޅާލާނެ ބަޔަކު ތިބީތީއެވެ. ޚާއްސަކޮށް ދުނިޔޭގެ ސުޕަރޕަވަރ ކަމުގައިވާ ޔޫއެސްއޭ ގެ އެންބެސަޑަރު މިގޮތަށް ޖަލުގައިތިބި ކުއްވެރީންނާ ބައްދަލު ކުރެއްވުމަކީ، ކުޑަކަމެއް ނޫނެވެ. ހަމަގައިމު ވެސް ވެރިކަމުގެ ރެޖީމުން ބޭއިންސާފު ތަކެއް ކޮށްފައިވާތީ، ނޫންގޮތަކަށް މިފަދަ ވަފުދުތައް ޖަލަށް އައިސް ސަރުކާރުން އެބުނާ ކުށްވެރީންނާ ޒިޔާރަތެއް ނުކުރީހެވެ. އާދެ! އަޅުގަނޑު މެންނާވާހަކައެއް ނުދެއްކީހެވެ. އަސްލު ޕޮއިންޓަކީ މިއެވެ. ރާއްޖޭން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުން ކަމުގައިވާ ޑޮކްޓަރ މުހަންމަދު ވަހީދު ހަސަންމަނިކު، އެމެރިކާގައި ހުންނަވައިގެން ކުރައްވާ މަސައްކަތާއި އިނގިރޭސި ވިލާތުގައި ހުންނެވި މުހަންމަދު ނަޝީދު އަންނި ކުރައްވާ މަސައްކަތާއި ސުވިޓްޒަލޭންޑައި ހުންނަވާ ސަންދާނު އިބްރާހީމް ލުތުފީމެންފަދަ ބޭފުޅުން ކުރައްވާ މަސައްކަތުން ބޭރުދުނިޔޭގައި އަޅުގަނޑުމެންފަދަ ރާއްޖޭގެ ޖަލުތަކުގައި މިތިބި ރިިފޯމިސްޓުން ވަނީ، ވަރަށްބޮޑަށް މަޝްހޫރުވެފައެވެ. ދިވެހި ފަސްގަނޑުގައި ހަގީގީ މަސައްކަތްކުރާ މީހުންނަކީ، އަޅުގަނޑުމެންނެވެ. އިސްލާހީ ހަރަކާތުގައި މައިދާނުގައި ތިބެގެން ޖިހާދުކުރާ މީހުންނަކީ، އަޅުގަނޑު މެންނެވެ. ބިދޭސީ ޖަމާޢަތްތަކުން އެކަން ރަނގަޅަށް ދަނެއެވެ. އާދެ! އަޅުގަނޑުމެންގެ އިހްސާސްތަކާ މެދު ވިސްނާނެ، ފިކުރުކުރާނެ، ބަހުސްކުރާނެ ބަޔަކުތިބިކަން ކަށަވަރުވުމަކީ، ރާއްޖޭގެ ސިޔާސީ ނިޒާމަށް އަޅުގަނޑުމެން ފަދަ ގައުމީ ސިޔާސީ މީހުންގެ ފަރާތުން ފައިދާކުރާނެ ކަމެކެވެ. މިހާރަށް ވުރެވެސް ބޮޑަށް ސިޔާސީ ލީޑަރުންނާ ދޭތެރޭގައި އާންމުންގެ މެދުގައި އޮންނަވިސްނުން ރަނގަޅުވާން ވެއްޖެއެވެ. ސިޔާސީ މީހުންނަކީ، ސަރުކާރާ ޒާތީގޮތުން ދެކޮޅުބައެއް ނޫނެވެ. އެއީ ސަރުކާރު ތެދުމަގަށް އަޅުވާބައެކެވެ. އެމީހުންނަށް އަނިޔާކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ގެއްލުން ދިނުމަކީ، ގައުމަށާއި ދައުލަތަށް ގެއްލުންކޮށް އަނިޔާކުރުމެވެ. ދިވެހި ގައުމުގެ މުސްތަގްބަލް މަރާލުމެވެ. ޝައްކެއް ނެތެވެ. އާދެ! 17 އޯގަސްޓް 2004 ވި އަންގާރަ ދުވަހު ފުރަތަމަޓީމު އަޅުގަނޑު މެންނާ ބައްދަލުކުރިއެވެ. މި ޓީމުގައި ހިމެނެނީ، މިނިސްޓަރ އިސްމާޢީލް ޝަފީޢާއި މިނިސްޓަރ އަބްދުﷲ ކަމާލުއްދީނެވެ. މިއީ މައުމޫނު ރެޖީމުގެ ފަރާތުން ވަޑައިގެންނެވި ޕްރޮޕަގެންޑާ ޓީމެކެވެ. ރައީސް މައުމޫނު ފޮނުއްވީމާ ހާލުބަލާލަން ވަޑައިގެންނެވީ ކަމަށް ވިދާޅުވިއެވެ. އެމީހުންނަށް ވަގުތުން އަޅުގަނޑު ދެންނެވީމެވެ. ކަނުބަނދެ، ހަތެރެސް ފައިގާބިޑި އަޅުވާ ވަރުގަދަޔަށް ތަޅާލުމަށްފަހު، ދެންކޮން ހާލެއް ބައްލަވާކަށްތޯއެވެ؟ ހާލުބައްލަވާންށޭ ކިޔާއޮޅުވާލައިގެން ބައިނަލް އަގްވާމީ މުޖްތަމަޢަށް މަތިރީތިކޮށް ދެއްކުމަށްޓަކައި މިތަނަށް ވަޒީރުބޭފުޅުން ފޮނުވާކަށް ނުޖެހެއެވެ! ފުރަތަމަ ވެސް އަޅުގަނޑަށް މިކުރިއަނިޔާކުރީ ކީއްވެތޯ ބައްލަވައިދޭށެވެ. ޖަނަވާރު ބަގީޗާއެއްގެ ކޮށިތަކުގައި ތިބޭ ރާމާމަކުނު ތަކެއް، ބައްލަވައި ލައްވާއި އަތްފުޅުން ހަނާއަޅުއްވާލައްވާ ފަދައިން، މިތަނަށް ވަޑައިގެންފައި އެނބުރިވަޑައި ގަންނަވައިގެން ނުވާނެއެވެ. އަވަހަށް މިގޮޅިތެރެއަށް ވަދެވަޑައި ގަންނަވާށެވެ. މަރުހަބާއެވެ. ޝަފީޢު އިންނެވީ، އަޅުގަނޑާއެކު އަޅުގަނޑުނިދުމަށް ހުރި އަށީގައެވެ. އަބްދުﷲ ކަމާލުއްދީން އިންނެވީ ކައިރީގައި ހުރި ޕްލާސްޓިކް ގޮނޑީގައެވެ. މިދަންނަވަނީ އަޅުގަނޑުގެ އިލްތިމާސެއް ކަމުގައި ދަންނަވައި ވަރަށް ގިނަވާހަކަތައް ދެންނެވީމެވެ. އައްސަވާށެވެ. ރައީސް މައުމޫނު ވިދާޅުވާހާ އެއްޗަކަށް އާދޭހޭ ނުދަންނަވާށެވެ. ދިވެހި ގައުމު އިސްލާހުގެ މަގަށްގެންގޮސް ދެއްވާށެވެ. އަމާނާތަށް ޚިޔާނާތްތެރިވެ ވަޑައި ނުގަންނަވާށެވެ. އިންސާނުންނަށް އިންސާނީ ވަންތަކަން ހަމަހަމަކޮށް ގެންގުޅުއްވާށެވެ. އަޅުގަނޑުމެން މިގޮތަށް ކެތްކޮށް ގައުމަށްޓަކާ ފަނާވެ ހިނގައިދާނެއެވެ. މިހުރީ އިބްރަތް ލިބިގަންނަން ހުރި، އިބްރަތްތެރި ފިލާވަޅުތަކެވެ. ތިބޭފުޅުންނަށް މިކަންތައް ވިސްނެން ވެއްޖެއެވެ. ކީއްވެތޯ ގައުމެއްގެ ގާނޫނުއަސާސީ ހަދަން ރައްޔިތުން ހޮއްވަވާފައި ތިބިބަޔަކަށް، މިފަދައަނިޔާތައް ތިޔަދެއްވަނީ؟ ނިކަން ވިސްނާވަޑައި ގަންނަވާށެވެ. މިކުރާ ތަހުގީގުތައް، އަޅުގަނޑުމެން މިގޮތަށް އެކަހެރިކޮށް ކުޑަގޮޅީގައި ބަންދުކޮށް، ކަނުބަނދެ، ބިޑިއަޅާ އަނދަގޮނޑިޖަހާ، އަނިޔާކޮށް ނުހައްދަވާ ވެސް، ކުރެއްވޭނެއެވެ. ޝައްކެއް ނެތެވެ. ކަންތައް ތިޔަކުރައްވާ ގޮތް ކަމަކު ނުދެއެވެ. މިއީ ގާނޫނުގެ ބޭރުންދެވޭ އަނިޔާއެވެ. މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ޚިޔާލުތަފާތުވެ ގާނޫނު އަސާސީގެ މާއްދާއެއްގެ މާނަ، ވިސްނުނުގޮތާ ގުޅިގެން ހިނގާދިޔަ ކަންތައްތަކެއްގައި އަޅުގަނޑު މިހުރީ ޒާތީ ރުޅިވެރި ކަމަކަށް ވައްޓާލާއި އެޓޮލްސްގައި އަޅުގަނޑު އަދާކުރަމުން ދިޔަދައުލަތުގެ ވަޒީފާއިންވެސް ވަކިކޮށް، މިވަގުތު މިނިސްޓްރީ އޮފް އެޓޮލްސްގައި އަޅުގަނޑު ކުރާނެކަމެއް ނެތިގެންނޭ ވިދާޅުވެ، ރައީސް އޮފީހަށް ލިޔުއްވާއި އެއޮފީހުން އަޅުގަނޑަށް ނޯޓިސް ދެއްވާފައެވެ. މިއީ އިންސާފުތޯއެވެ؟ ޝަފީޢުއަށް ރަނގަޅަށް އެނގިވަޑައި ގަންނަވާނެ އަޅުގަނޑު ކުރަމުން ގެންދިޔަ މަސައްކަތްތައް. ރާއްޖެތެރެއަށް ޝަފީޢު އަރިހުގައިވެސް ދަތުރުކުރެ ވިފައި ހުންނާނެއެވެ. ހޯމްމިނިސްޓްރީގައި އަޅުގަނޑުގެ ޚިދުމަތްތައް ކޮންމެ މިނިވަން ސައްބީހަކަށް ތައްޔާރުވުމަށް ނަގާޓާސްކްފޯހުގައި އަމަލީގޮތުން ޝަފީޢުއަށް ފެންނަން އޮންނާނެއެވެ. ޝަފީޢުއަށް މިކަން ރަނގަޅަށް އެނގިވަޑައި ގަންނަވާނެއެވެ. އެޓޮލްސް މިނިސްޓަރ އެކުރެއްވި ކަންތަކަކީ، ހަމަގާނޫނާއި ގަވާއިދުތޯ އެވެ؟ އަޅުގަނޑު ޝަރުޢީކޯޓަށް މައްސަލައެއްލީ، ގާނޫނު އަސާސީގެ މާއްދާއެއްގެ މާނަ ވިސްނުމުގައި ޚިޔާލުތަފާތު ވުމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޚާއްސަ މަޖިލީހުގެ ވަގުތީ ރައީސްގެ މައްސަލައެވެ. ގާނޫނު އަސާސީގެ އެމާއްދާގެ މާނަޝަރުޢީ ކޯޓުން ހޯދާށެވެ. އެއްގޮތަކަށް ވެސް ހ.މީނާޒް އަބްދުﷲ ހަމީދުގެ މައްޗަށް ހުށަހެޅި ޒާތީދައުވާއެއްގެ މައްސަލައެއް ނޫނެވެ. އަބްދުﷲ ހަމީދަށް އަޅުގަނޑުގެ އިހްތިރާމް ކުރިއެކޭވެސް އެއްގޮތަށް އޮންނާނެއެވެ. އަބްދުﷲ ކަމާލުއްދީނަކީ، ހޯމްމިނިސްޓަރަށް ވިޔަސް މިވާހަކަތައް ބޮޑަށް މިއަމާޒު ކުރަނީ، ޑިފެންސް މިނިސްޓަރ އިސްމާޢީލް ޝަފީޢުއަށެވެ. ކަންތައްތައް މިދަނީ، އިސްލާމީ މަރުކަޒުގައި 9 ޖޫންގައި 2004 ގައި ރައީސް މައުމޫނު ވިދާޅުވި، އިސްލާހުތަކާ އެއްގޮތަށް ތޯއެވެ؟ ނިކަން ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާށެވެ. މިތަންތަނަށް އަޅުގަނޑުމެން ކާރިޔަށް ވަޑައިގަންނަވަން ވާނީ ޖަވާބުދާރީ ވުމަށެވެ. ހަމަ ކުޅިބަލާލަން ވަޑައިގަންނަވާ ގޮތަކަށްނޫނެވެ. ފަރިދައްކާ ލުމަކަށް ނުހައްދަވާށެވެ. ކޮސްމެޓިކްސް އަށް ނުހައްދަވާށެވެ. އަޅުމެން ކުރިމަތީގައި ތަމްސީލު ނުކުޅުއްވާށެވެ. ރަނގަޅު ހަރުދަނާ ރިފޯމަކަށް ވަގުތުން ވަޑައިގަންނަ ވާށެވެ. ލަސްނުކުރައްވާށެވެ. ކުރިޔަށް އޮތަތާގައި ގެއްލުން ދައްކާނީ ތިޔަބޭފުޅުންނަށެވެ. ހިތާމަ ކުރަން ޖެހޭނީ ތިޔަބޭ ފުޅުންނަށެވެ. އިސްލާހު ގެނެވޭނީވެސް، އިސްލާހު ވާނީވެސް އޭރުންނެވެ. ރައީސް މައުމޫނަކީ، ކަލާނގެއެއް ކަމަށް ނުބައްލަވާށެވެ. އެއީރައްޔިތެއްގެ ޚާދިމެއް ކަމުގައި ދެކޭށެވެ. އަޅުގަނޑަށް ޖައްސާފައި މިއިން ހާލާމެދު އިންސާނީވަންތަ ނަޒަރަކުން ބައްލަވާށެވެ. މިއީ ވަރަށް ބޮޑު އަޣްލަބިއްޔަތަކާ އެކު އަތޮޅެއްގެ ރައްޔިތުން ގާނޫނު އަސާސީހަދާ މަޖިލީހަށް ހޮވާފައި ހުރިމީހެކެވެ. ރައްޔިތުންގެ ބާރާއެކު ހުރިމީހެކެވެ. ގާނޫނުން ބޭރުގައި ތިޔަހައްދަވަނީ ބޭނުންގޮތެކެވެ. އަސާސީގެ މުހިންމު މާއްދާތަކެއް، އާދެ! ރައްޔިތުންނަށް ބާރުލިބިދޭ މުހިންމު މާއްދާތައް ވަނީ، ރައީސް މައުމޫނުގެ މުށުތެރެއަށް ލައްވާފައެވެ. ކާފިއޫއެއް އާންމުކޮށްފައެވެ. އަޅުގަނޑުމެންނަށް ހަމްދަރުދީ ވާށެވެ. ހިތްތިރި ކުރައްވާށެވެ. މިއީ ބޮޑެތި ވަގުންނެއް ނޫނެވެ. ބޮޑެތި ޚިޔާނާތްތެރިންނެއް ނޫނެވެ. ލާޖެހިބޮޑެތި މުޖްރިމުންނެއް ނޫނެވެ. އިސްލާހު ތަކަކަށް އަޑުއުފުލާ ބައެކެވެ. އަދި އެއްފަހަރު އިތުރަށް ވިސްނަވާލައް ވާށެވެ. ރަތްލާޖެހި ބާޣީންނަށް ނުހައްދަވާށެވެ. މިކަހަލަ ތަނެއްގައި ﷲ ފިޔަވާ، އެހެން އެއްވެސް އެހީތެރިއެއް، މަދަދު ވެރިއެއް ނެތްތަނެއްގައި، އެކަހެރިކޮށް ބަންދުގައި އިނދެގެން މިވާހަކަތައް މިދައްކަނީ، އޯކިޑްމާގޭ ތުއްތުގޮމާއި އަހްމަދު ޒަކީގެ އިސްމާޢީލް ޝަފީޢުއާއެވެ. ދެވަނަ މީހަކާނޫނެވެ. ﷲ އަށްޓަކައި ހިތްޚަލާސްކޮށް، އެއްފަހަރު ނަމަވެސް އިތުރަށް ވިސްނަވާ ލައްވާށެވެ. ވަގުތު އަދި އެބައޮތެވެ. މިވާހަކަތަކަށް ވަގުތުކޮޅެއް ހުސްކުރައް ވާށެވެ. ވިސްނަވާށެވެ. މަނިކުފާނުގެ މަންމާފުޅަކީ، އަދި ބައްޕާފުޅަކީ ވެސް، އަޅުގަނޑުގެ މަންމައާ ވަރަށްގާތް ބޭފުޅުންނެެވެ. އެބޭފުޅުންނަކީ، އަޅުގަނޑު ގެންދަވާފައި ސިޔާސީ ނަސޭޙަތް ދެއްވި އަޅުގަނޑުގެ ވެސް މައިންބަފައިން ނެވެ. ސަޢުދިޔާގައި ކުޔަވަންހުރި އިރުވެސް މަންމާފުޅުގެ އެދުންތަކަށް އަޅުގަނޑަކީ، ޖަވާބުދާރީވާން ޖެހޭ ސްޓުޑެންޓެކެވެ. އަޅުގަނޑު ބާޣީއަކަށް ނުހައްދަވާށެވެ. މިއީ، ތިޔަރެޖީމަށް އިޚްލާސްތެރި ނުވިމީހަކަސް ދިވެހި ގައުމަށް، ދިވެހި ދައުލަތަށް އިޚްލާސްތެރި މާނެމީހެއްކަން ޔަގީންކޮށް އަރުވަމެވެ. އަމިއްލަ އެދުމަށް މުއްސަންޖެއްގެ އެދުމަށް އެއްވެސް ސިޔާސީކަމެއް އިސްކުރާނެ މީހެއްނޫނެވެ. އަބަދުވެސް އަޅުގަނޑު ގާތުގައި އިސްވާނީ އަދި އެންމެ ފުރަތަމައިގާ އޮންނާނީ، ގައުމުގެ މަސްލަހަތެވެ. މިއީ، އަމިއްލަޕާޓީގެ ވިސްނުމަށް ވުރެވެސް ގައުމުގެ މަސްލަހަތު އިސްކުރަން ބޭނުންވާ ވިސްނުމުގެ މީހެކެވެ. އާދެ! މިވާހަކަތަކަށް ފަހު، މިކުޑަކުޑަ ގޮޅީގެ ހޫނުގަދަ ކަމުގެ ވާހަކަ، ދެންނެވީމާ، އެނބުރޭ ފަންކާއެއް ލިބޭގޮތަށް ހަމަޖައްސައި ދެވޭތޯ ބައްލަވާނެ ވާހަކަ ވިދާޅުވިއެވެ. މީގެއިތުރަށް އަދިވެސް އަޅުގަނޑު މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން 100% ޓޯޗާގައި ކަމަށް ދެންނެވީމެވެ. މިކަމުގެ ޒިންމާ އުފުލާނީ ކާކުތޯއެވެ؟ ކުރިމަތީގައި މިތިބި ގާޑުންތޯއެވެ؟ އަޅުގަނޑުގެ އިޚްލާސްތެރި އެދުމަކީ، މިވާހަކަތައް މަނިކުފާނުގެ އުފުލިގެންވާ ރައީސް މައުމޫނަށާއި އަދި މިރެޖީމުގެ ކެބިނެޓަށް، އަދި މިދައުލަތުގެ ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންގެ ޚާއްސަ މަޖިލީހަށް އިއްވަވާދެއް ވުމެވެ. މިއީ އަޅުގަނޑުގެ އެންމެފަހުގެ އިލްތިމާސް ކަމުގައި ދެކެމެވެ. ދެންއޮތީ، މިދެބޭފުޅުން މާލެ ވަޑައިގެން ޓިވީއެމްއާއި ގައުމީ ރޭޑިޔޯ މެދުވެރިކޮށް، މުޅި ދިވެހި ރައްޔިތުންނާ، މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުތަކުގެ ބުރަދަން، ތިޔައިއްޒަތްތެރި، ލޮބުވެތި ދިވެހި ރައްޔިތުން އިންސާފުގެ ތިލަފަތުން ވަޒަންކޮށް ކިރާލެއްވުމެވެ. އޭކޭ އަބްދުﷲ ކަމާލުއްދީނަކީ، އެއްގޮތަކަށް ވެސް ރައްޔިތުންގެ ބޭފުޅެއް ނޫނެވެ. އަމިއްލަފުޅަށް ރައްޔިތުންގެ މީހަކަށް ހެދިގެން އުޅޭ، މިރެޖީމަށް ވަރަށް ވަފާތެރި ބޭފުޅެކެވެ. އިސްމާޢީލް ޝަފީޢުއަކީ، ރައީސް މައުމޫނުގެ ޕަޕެޓެކެވެ. ރައީސް މައުމޫނު ހެލުވިގޮތަކަށް ހެލުވި ވަޑައިގަންނަވާ ބޭފުޅެކެވެ. ސިޔާސީގޮތުން ސޮހެލެކެވެ. މަންމާފުޅުގެ ފަރާތުން ވާރުތަވާންޖެހޭ ހަރުދަނާ ސިޔާސަތު ދެމެހެއްޓޭ ޒާތުގެ ޝަޚްޞިއްޔަތެއް ނޫނެވެ. މިއީ، އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތެވެ. އެހެން ނޫންނަމަ، ދައުލަތުގެ ޑިފެންސް މިނިސްޓަރުކަމުގެ ހުވާކުރައްވައި ގެން ރައީސް މައުމޫނުގެ އަނިޔާވެރި ރެޖީމު ދަމަހައްޓާކަށް ނޫޅުއްވާނެއެވެ.
އާދެ! 23 އޯގަސްޓް 2004މ. ވި ހޯމަ ދުވަހަކީ، ކުޑަގޮޅީގައި އޮންނަތާ 11 ވަނަދުވަހެވެ. މިއަދު މެންދުރުގެ ވަގުތެއްގައި މޯލްޑިވްސް ހިއުމަން ރައިޓްސް ކޮމިޝަންގެ ވަފުދެއް ޖަލުތެރެއަށް ވަދެވަޑައިގެން ކުށްވެރީންނާ ބައްދަލު ކުރެއްވިއެވެ. އިސްކޮށް ހުންނެވީ، އެކޮމިޝަނުގެ ރައީސް ބޮޑުފެންވަޅުގޭ އަހްމަދު މުޖްތަބާއެވެ. ދެން ހުންނެވީ ކޮމިޝަނުގެ މެންބަރ އަދި މާލެއަތޮޅު ބޮޑުބަނޑޮހުގެ ވެރިޔާ މުހަންމަދު ވަހީދުއްދީނެވެ. އަދިވެސް ކޮމިޝަނުގެ އަންހެން ދެބޭފުޅުން ތިއްބެވިއެވެ. މިބޭފުޅުން ޖަލުތެރޭގައި ހިންގެވި ހުރިހާ ހަރަކާތެއް ސިފައިން، މޫވީކުރަމުން ދިޔައެވެ. ކުށްވެރީންނާ ބައްދަލުކޮށް ދެއްކެވި ވާހަކަތަކާ އެކުގައެވެ. އަޅުގަނޑުގެ ވާހަކަ ފެށީއްސުރެ ނިމެންދެން ސިފައިން މޫވީކުރިއެވެ. އާދެ! ޑޮކްޓަރ ޝައުޤީ އާއި ޑޮކްޓަރ ހަސަން ސަޢީދަށް ދަށްކާށޯލައެވެ! މިއީ، މިކަމަށް ޚާއްސަކޮށް، މައުމޫނު ރެޖީމުންނަގާފައި އޮންނަ އަނިޔާވެރި ކޮމެޓީގެ އިސްމެންބަރުން ނެވެ. އާދެ! އަޅުގަނޑުގެ ގޮޅިކަމުގައިވާ، 17 ނަންބަރާއަރާ ހަމަވުމުން، ދެންނެވީމެވެ. ހައިވާނު ބަގީޗާއަކަށް ޒިޔާރަތްކޮށް ލައްވާހެން ވޭވްކޮށްލައް ވާފައި ތިޔަހެން ވަޑައި ނުގަންނަވާށެވެ. މިއީ ޒުލެއްގައިތިބި ރާމާމަކުނު ތަކެއްނޫނެވެ. ދައުލަތުގެ ގާނޫނު އަސާސީހަދާ މަޖިލީހަށް ދިވެހި ރައްޔިތުން ހޮވާފައި ތިއްބެވި އިއްޒަތްތެރި މެންބަރުންނެވެ. ވިސްނުމާއި ބުއްދިކުރުމުގެ ގާބިލުކަން ލައްވާފައިހުރި ސިކުނޑިތަކެއްގެ އަހުލުވެރި އިންސާނުންނެވެ. މިގޮޅީގެ ތެރެއަށް ވަންނަވާށެވެ. މަރުހަބާއެވެ. ދެން ސިފައިން ދޮރުހުޅުވުމުން މުޖްތަބާއާއިޑީން ގޮޅީގެ އެތެރެއަށް ވެންނެވިއެވެ. އެހެންބޭފުޅުން ތިއްބެވީ ދޮރުމަތީގައި ކޮޅަށްބޭރުގައެވެ. ދޮރުތެރެއިން ބޭރުގައި ތިބެގެން ސިފައިން މޫވީކުރުން ކުރިޔަށް ގެންދާމަންޒަރު ފެނެއެވެ. އަޅުގަނޑުގެ ސްޓޯރީފެއްޓީމެވެ! ބޭފުޅުންނޭވެ! އަވަސްވާށެވެ! މޫވީވެސް ކުރާށެވެ! ރައީސް މައުމޫނަށްވެސް ދައްކާށެވެ! 13 އޯގަސްޓް ވީ، ހުކުރުދުވަހު އަމިއްލގޭގައި އިންދާ ނެރެގެން ގެންގޮސް، ކަނުބަނދެ ހަތަރެސްފައި ބަނދެ، މޭމަތީގަޔާއި ބުރަކަށީގައި ވިކާހަދާ، ގަޅުވާހަދާ، ތަޅާލުމަށްފަހު ދެން، އަނދުން އަޅުވާއި ފުށްޖައްސުވާއި ބޭސްދީ ކޮފީދީ ފިރުމާ ހެއްޖަސް، ހާލު ރަނގަޅެއް ނުވާނޭ ހަރުއަޑުން ދެންނެވީމެވެ. މިގޮތަށްތިއްބާ ކޮންމެބޭފުޅަކުވެސް ވަޑައިގެން ހާލު ކިހިނެއްހޭ ތިޔައައްސަވަނީ މަލާމާތް ކުރައްވަންތޯއެވެ؟ ރުޅިނައިސް، މޮޔަނުވެ މަޑުންހުންނަ ކަމަށް ޝުކުރު ކުރައްވާށެވެ! އިހަށްދުވަހަކު ދެވަޒީރަކު ވަޑައިގެންވެސް ހަމަތިޔަ ވާހަކަތަކެވެ. ތިޔަގޮތަށް ޖެއްސުންކޮށް މަލާމާތް ނުކުރައްވާށެވެ. އަޅުގަނޑަކީ ރޮއި އާދޭސްކޮށް ތިޔަބޭފުޅުންގެ ފައިދޮށަށް ވެއްޓިގަނެ ބޮސްދީ މާފުކުރާށޭ ބުނާނެ މީހެއްނޫނެވެ. އެއަށްވުރެ ވަރުގަދަ އީމާނެއްގައި ރައްޔިތުންގެ ހައްގުގައި ޖިހާދަށް ނުކުމެ ހުރިމީހެކެވެ. މަރުވުން ވެސް ތިޔަކަމަށްވުރެ އައުލާކަން ބޮޑެވެ. ތިޔައީ، ހަމަ ކޮސްމެޓިކްސްގެ ދަޅަދެއްކުން ތަކެވެ. އޮފްއެރުވުން ތަކެވެ. އަނދުން އެޅުވުން ތަކެކެވެ. ޖަރީކުރުން ތަކެކެވެ. ބައިނަލް އަގްވާމީ މުޖްތަމަޢަށް ދެއްކުމަށް ކުރާކަންތަކެވެ. ރައީސް މައުމޫނާއި މައުމޫނުގެ ރެޖީމު ހިމާޔަތްކޮށްދޭން ކުރާމަސައްކަތެވެ. ތިޔައީ ހުސްދަޅައެވެ. އިންސާނިއްޔަތަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ތިޔަކުރަނީ ވަކިމީހަކަށް ކޮށްދޭން ކުރާކަމެކެވެ. ތިޔަމަސައްކަތުން ރައްޔިތުންނަށް ވާނެފައިދާއެއް ނޯންނާނެއެވެ. ތިޔަ ގެންނަވަނީ އިސްލާހެއް ނޫނެވެ. އަސްލުގައި އިސްލާހާއި ރިފޯމްގެނެވެނީކީ، ނޫނެވެ. އަޅުގަނޑު އަދިވެސް މިހުރީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑުވެގެންވާ އަނިޔާގައެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ގާނޫނު އަސާސީގެ މާއްދާއެއްގެ މާނަވިސްނުމާ މެދު އަރާރުންވެ ޚިޔާލުތަފާތު ވުމާގުޅިގެން، މިހުރީ އަޅުގަނޑުގެ އެންމެބޮޑު ހައްގުންވެސް މަހުރޫމްކޮށް، އުނިކޮށް ލައްވާފައެވެ. މިނިސްޓްރީ އޮފް އެޓޮލްސްއިން ލިޔެގެން، ރައީސް އޮފީހުން މިމަހު 8 ވަނަ ދުވަހު އަޅުގަނޑު މިހާރު މިހުރީ، ނޯޓިސްދެއްވާއި ވަޒީފާއިންވެސް ވަރަށް ރީތިކޮށް ވަކިކޮށްލާފަ އެވެ. ނިކަމެތިކޮށް ޒަލީލުކޮށްލާފަ އެވެ. ކުޑަކުޑަ ދެކުދިންނާއި އަންހެނުން ޔަތީމުކޮށް ލާފައެވެ. ހަމަމިއިީ، އިންސާނިއްޔަތު ތޯއެވެ؟ އިންސާފުތޯއެވެ؟ އިޖްތިމާޢީ އަދާލަތު ތޯއެވެ؟ އިސްލާހު ކުރުމަކީ، މީއީތޯއެވެ؟ ނުވަތަ މިއީ، ޒާތީހަސަދައެއް ފިލުވާލުން ތޯއެވެ؟ ނުވަތަ ވަގުތީ ފިލާވަޅަކަށް، ޖައްބާރުން ކަންތައްތައް ކުރާހެން ހައްދަވަން ބޭނުންވަނީ ތޯއެވެ. ނޫނީމިއީ، ގާނޫނާއި ގަވާއިދުގެ ހަމަތައް ބުނާގޮތްތޯއެވެ؟ ނިކަން މުޖްތަބާއާއިޑީން ވިދާޅުވެ ދެއްވާށެވެ. ކަނު ބަނދެފައި އަނިޔާކުރި މައްސަލައާއި ސަރުކާރުން އެޓޮލްސް މިނިސްޓަރުގެ ދެންނެވުމަށް އެއްވެސް ކަހަލަ ނަސޭހަތަކާއި އިންޒާރެއް ދެއްވާފައި ނެތީސް، ނޯޓިސްދެއްވި މައްސަލަ، މުޖްތަބާމެން ތިޔަކޮމިޝަނުން ބައްލަވައި ދެއްވަން ޖެހޭނެއެވެ. މިފަދަ ކަންތައް ނުބެލެންޏާ ތިޔަކޮމިޝަނަކީ، “މައުމޫންރައިޓްސް ކޮމިޝަން” އެވެ. ހިޔުމަން ރައިޓްސް ކޮމިޝަން އެއްނޫނެވެ. މިމޭރުމުން އެއްޗެހި ކިޔަކިޔާ ހުއްޓާ އެބޭފުޅުން ގޮޅިން ނުކުމެވަޑައި ގެން އަމިއްލަފުޅަށް ހިންގަވައި ގެންފިއެވެ. ދެން އަޅުގަނޑު ސަލާމް ކުރުމަށްފަހު، ވަރަށް ބޮޑު ޝުކުރިއްޔާއެއް ހަޑިގޮތުގައި ދިނީމެވެ.
އާދެ! ހަމަމިގުވަހު 23 އޯގަސްޓް 2004 ވި ހޯމަދުވަހު، ދެން އަޅުގަނޑާ ބައްދަލުކުރީ އީޔޫގެ ބޮޑު ވަފުދެކެވެ. މިބޭފުޅުންނާ ބައްދަލުކޮށް ވާހަކަ ދެއްކުމަށް ނެރުނީ، ދޫނިދޫ އުނދޯލިގެ އަށެވެ. މިއީ ތިންފިރިހެނުން ނާއި ދެއަންހެނުން ހިމެނޭ ވަރަށް މަތީފެންވަރުގެ ބޮޑުޓީމެކެވެ. ތަޢާރަފްވެ ސަލާންގަލާން ކުރުމަށްފަހު، މިވަފުދަށް އަޅުގަނޑު ދެންނެވީ، އަޅުގަނޑު ބޭނުންވަނީ ތިޔަބޭފުޅުންގެ އަރިހުގައި ވަޑައިގެން މި އިންނެވި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބޭފުޅާ އަބްދުލް ހަމީދު ޒަކަރިއްޔާ، އަޅުގަނޑުގެ ވާހަކަތައް ރަސްމީކޮށް ތިޔަބޭފުޅުންނަށް ތަރުޖަމާކޮށް ދެއްވާގޮތަށް ކުރިޔަށް ގެންދިއުމަށް ހަމަޖައްސަވައި ދެއްވުމަށެވެ. ދެން ހަމަޖެހިގެން ދިޔައީ އެގޮތަށެވެ. ދެންނެވީމެވެ. އަޅުގަނޑަކީ، ރާއްޖޭގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އދ.އަތޮޅުގެ އިއްޒަތްތެރި މެންބަރުކަމާއި އެއީ، ދިހަރަށުގައި މީހުން ދިރިއުޅޭ ރާއްޖޭގެ ނިސްބަތުން ބޮޑު އަތޮޅެއްކަމާއި އެއަތޮޅުން ވަރަށްމަތީ ދަރަޖައިގެ ޕަސެންޓަކުން އަޅުގަނޑު ހޮވިފައިވާ މީހެކެވެ. ބައެއްރަށްރަށުން ވޯޓްލީ އެންމެންގެ ވޯޓު، އަޅުގަނޑަށް ލިބުނެވެ. މިމަހުތޭރަވީ، ހުކުރު ދުވަހު އަޅުގަނޑުގެ އަމިއްލަ ގޭގައި ޓީވީބަލަން އިންދާ ސިފައިންގެ ޖީޕެއްގައި ސިފައިންގެ ފަސްބޭކަލުން ފުލްކިޓްގައި އައިސް، އަޅުގަނޑު ނެރެގެން ގެންގޮސް ކަނުބަނދެ ދެއަތްފުރަގަހަށް ގަދަކަމުންލާ، ހަނގުރާމަ މަތީގައި މީހުންހިފާފައި ވަގުތީގޮތުން އަޅުވާ ވަށްތަރުގެ ޕްލާސްޓިކް ސްޓްރިޕެއް އަޅުވާ، ބުރަކަށްޓާއި މޭމަތީގައި ބާރުބާރަށް ވިކާ، ކުދިގޯނާކޮށް ކޮށްޕާގަޅުވާ ހަދާ، ހަޑިހުތުރ ބަހުރުވައިން އެއްޗެހިކިޔާ، އަދި ދަނގަނޑުބޫޓުން ދެފައިގާ ތަޅަމުން ތަޅަމުން ހިންގާހެދިއެވެ. ގެންދިޔަ މަގުމަތީގައި ހަޑިހުތުރުބަހުން މަލާމާތްކުރުމުގެ ގޮތުން، ޖެއްސުމަށް މިފަދަ ބަސްތައް “ދުވެފިލާ” “ކީއްވެމަޑުން ތިޔަހުންނަނީ” “ބޮޑުސިޔާސީމީހާ” “ބޮޑު މެންބަރު” އިއްވިއެވެ. ދެން އިރުގަނޑަކަށް ފަހު، އަޅުގަނޑަށް ސިފައިންގެ އޮފިސަރެއްކަން އަޑުން ފާހަގަވީ އިބްރާހީމް ދީދީގެ އަޑެވެ. އޭނާއަށް ހަރުއަޑުން ގޮވާ މިވާހަކަތައް ގޮވީމާ، ކަނުމޮހެލަދީ އަތްމޮހެލަދީ، ދެން ގެންދިޔައީ ސިފައިންގެ މަރުކަޒުގެ މައްޗަށެވެ. ފަތިސް ވަންދެން މިތާގައި ގެންގުޅެފާ، ދެންގެންގޮސްލީ، ދޫނިދޫކުޑަ ގޮޅިއަށެވެ. މިރަށުގެ ޖަލުގެ ކުޑަގޮޅީގައި ހައްޔަރު ކުރިގޮތަށް، އަދިވެސް މިހުންނަނީ، 24 ގަޑިއިރު ބަންދުކޮށްފަ އެވެ. ހައްޔަރުގާ ބަހައްޓާފައެވެ. މީހަކާ ވާހަކަ ދައްކާލެވެނީ، މިކަހަލަ ފުރުސަތެއް އައުމުން އެކަންޏެވެ. ދޫނިދޫ ޖަލަށް ގެނައިފަހުން ހަށިގަނޑަށް ގެއްލުންވާ ގޮތަށް ބޭރުފުށުން ތަޅާނުހަދައެވެ. އަދި ފަހުން ކަނުބަނދެ، ގައިގާ ތަޅާހަދާފައެއް ނެތެވެ. އެހެނަސް މިހުންނަނީ، ނަފްސާނީގޮތުން ވަރަށް ބޮޑެތި އަނިޔާގައެވެ. އެންމެ 8ފޫޓް 8ފޫޓްގެ ކުޑަގޮޅި އެއްގައި، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ސަތޭކަޕަސަންޓް އަނިޔާލިބިލިބި ކަމުގައި ދެންނެވީމެވެ. އަދި ގަލަން، ފަންސޫރު، ކަރުދާސް، ފޮތްފަދަ ތަކެތި ނުލިބޭކަމުގައި ދެންނެވީމެވެ. ސަރުކާރުން ކުރައްވަމުންދާ އެއްވެސް ސިޔާސީކަމެއް އަޅުގަނޑުމެން މެންބަރުންނަށް އެއްގޮތަކަށް ވެސް ނާންގާކަމަށާއި އެހެނަސް ގާނޫނު އަސާސީގެ ދަށުން އަޅުގަނޑު ކޮށްގެން މިހުރި މަޖިލީހުގެ ހުވާ ދެމެހެއްޓުމަކީ އަޅުގަނޑުގެ ވާޖިބެކެވެ. އަދި އެހުވަޔަށް ސަރުކާރުން ހުރަސް އަޅައިގެން ނުވާނެއެވެ. އެހުވާދަމަހައްޓައި ދޭންޖެހޭނެއެވެ. އަޅުގަނޑު މިގެންދަނީ އެވާޖިބު އަދާކުރުމުގެ ގޮތުން ރެއާދުވާލު ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިސްނާއި ފިކުރުކުރަމުން ނެވެ. އަސާސީއަށް ގެންނަންހުރި އިސްލާހުތަކާ މެދު ފިކުރުހިންގާއި ވިސްނަމުންނެވެ. އެހެނަސް މިތާމިތިބި ސިފައިން އެހުވަޔަށް އަމަލު ކުރިޔަކަ ނުދެއެވެ. ހުރަސްއަޅަ ނީއެވެ. މަޖިލީހަށް ހާޒިރުވިޔަކަ ނުދެއެވެ. މިކަންކުރަނީ ރާއްޖޭގެ ގާނޫނު އަސާސީއާ ޚިލާފަށެވެ. އަސާސީގެ ބައެއް މުހިންމު މާއްދާތައްވަނީ، ސަސްޕެންޑް ކޮށްފައެވެ. ބުނަމުން ގެންދަނީ، ރައީސް މައުމޫނުގެ ގަރާރަކުން ބާރުލިބިގެން މިގޮތަށް މިކަންތައް ކުރަނީކަމަށެވެ. އެއްގޮތަކަށް ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވިޔަކަ ނުދެއެވެ. ހުރަސް އަޅަނީއެވެ. އަޅުގަނޑު މެންނާނުލާ ބޮޑުމަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީއެވެ. އެއީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއްނޫނެވެ. ތިޔަބޭފުޅުން އެކަމާގުޅިގެން ސަރުކާރާ ވާހަކަ ދެއްކެވުން އެދެމެވެ. ގޮޅީތެރޭގައި އެއްގޮތަކަށް ވެސް ކަސްރަތު ކުރެވޭކަށް ނެތެވެ. ކަސްރަތު ކުރުމަށް އެއްގޮތަކަށް ވެސް ބޭރަށް ނުނެރެއެވެ. ގޮޅީގައި ވައިދައުރު ވާލެއް ވަރަށް ދަށެވެ. ބައެއްފަހަރު އުނދަގޫވެ ހާސްވާގޮތްވެ މޭނުބައިކުރެއެވެ. ގޮޅީތެރޭގައި ބައެއްފަހަރު ވަސްނުބައި ވާގޮތް މެދުވެރިވެއެވެ. ކުރީގެ ހިލައިގެ ޒަމާނުގައި، ސްޓޯންއޭޖް ދުވަސްވަރުގައި ފެންވަރާގޮތަށް، މިތާގައި ސިޔާސީ މީހުން ފެންވަރަން ޖެހެނީ، ދަތިހާލުގައެވެ. އުސްތަށްޓެއް ފާޚާނާކުރަން ބަހައްޓާފައި ގޮޅިތެރޭގައި ކުޑަފާޚާނާއެއް ގޮތަށް ދޮރެއްނެތި ހުންނަނީ ހުޅުވިފައެވެ. ނުބައިވަސް ދުވާފަހަރު އާދެއެވެ. އިސްކުރުގައި ހުންނަނީ ސީދާލޮނުފެނެވެ. ހަންގަނޑު ހަލާކުވެ ފޫކޮޅު، އިސާހިތަކު ފާރުވެއެވެ. މިފެން ހުންނަނީ ކުނިވެފައެވެ. ތިޔަބޭފުޅުން ވަޑައިގެން ބައްލަވާށެވެ. މިއީ ދޮގެއްނޫނެވެ. ރީތިފެން ދެނީ ކުޑަކުޑަ އެންމެ ހަމެކެވެ. މެންދުރު ވާއިރަށް އެފެންފޮދު ހުސްވެއެވެ. ބުއިމާއި ހުރިހާކަމެއް ކުރަންޖެހެނީ އެފެންފޮދުންނެވެ. މިގައުމުގައި ގާނޫނު އަސާސީހަދާ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން ކަމުގައިވާ ސިޔާސީ ލީޑަރުން ތިބެންޖެހޭ ހާލަކީ، މިއީ ކަމުގައި ދެންނެވީމެވެ. މިކަމުގެ މަގްސަދާއި ބޭނުމަކީ، އިންސާނާ ހަލާކުކޮށްލުން ކަމުގައި ދެންނެވީމެވެ. މިއަށްވުރެ ސަޢުދީ ތަންތާގައި ހަދާހެން، މަރާލުންވެސް މާރަނގަޅުވާނެ ކަމުގައި ދެންނެވީމެވެ. ގޮޅިހުންނަނީ 24 ގަޑިއިރު ތަޅުލާފައެވެ. ނާމާން ބިރުވެރި ތަނެކެވެ. ކުރިމަތީގައި އޮންނަނީ ބަކަރި ކޮއްޓެކެވެ. މީހަކާ އަގައިން ނުބުނެވެއެވެ. ގާޑުންނާ އަގައިން ބުނުންވެސް މަނަލެވެ. ބޭރަށްނެރެނީ، އެކި ވަފުދުތަކާ ބައްދަލުކުރާށާއި ތަހުގީގު ކުރުމަށެވެ. މިކަންކަމަށް ނެރޭއިރު ހިނގާނެމަގާއި ފިޔަވަޅު އަޅާނެ ތަންވެސް ގާޑުން އިޝާރާތްކޮށް ދައްކައެވެ. މިހާވެސް ބޮޑަށް އިންސާނީ ހައްގުތައް ވަނީ، ނިގުޅައި ގެންފައެވެ. ކިޔާލާނެ ނޫހެއް، މަޖައްލާއެއް ނުލިބެއެވެ. ރޭޑިޔޯއެއް ނުދެއެވެ. ޓީވީއެއް ނުފެނެއެވެ. އާއިލާއާ އަދި އެއްފަހަރު ވެސް ބައްދަލެއް ނުވެއެވެ. ކުޑަކުޑަ ދެކުދިން ދެއަހަރާއި ހަތަރު އަހަރުގެ ތިބެއެވެ. އަންބަކު އިނދެއެވެ. އެމީހުންވަނީ ޔަތީމުހާލުގައެވެ. ކުޑަމަންޖެގެ އުފަންދުވަސް އައުމުން ފޯނުކޯލެއް ދިނުމަށް އެދުނީމާ ވެސް ނުދިނެވެ. އާދެ! މިވާހަކަވީ އެތާތިއްބެވި ދެއަންހެން ބޭފުޅުންނަށް ވަރަށް އަސަރުކުރި ވާހަކައަކަށެވެ. މިކަމާ ގުޅިގެން ދެއަންހެން ބޭފުޅުންވެސް އިތުރަށް ސުވާލު ކުރަން ފެއްޓެވިއެވެ. މިޒާތުގެހިތަށް އަސަރުކުރާ ކަހަލަ އެތައް އަނިޔާތަކެއް މިތާގައި ކުރެއެވެ. މިގޮތަށް ޓްރީޓް ކުރަމުން މިގެންދަނީ، ދިވެހި ދައުލަތުގެ ގާނޫނު އަސާސީ ހަދާ މަޖިލީހުގެ މެންބަރުންނަށެވެ. ބޮޑެތި ވަގުންނަކަށް ނޫނެވެ. މުޖްރިމުންނަކަށް ނޫނެވެ. ރައްޔިތުންގެ ފަރާތުން ﷲ ގަންދީހުވާކޮށް ރައްޔިތުން ދީފައިވާ، މިބޮޑު ޒިންމާވަނީ ނިގުޅައި ގެންފައެވެ. އެވާޖިބު އަދާކުރުމަށް ސިފައިންވަނީ، ހުރަސް އަޅާފައެވެ. ގާނޫނުއަސާސީ އާއި ގަވާއިދާ ޚިލާފަށެވެ. އިންސާނިއްޔަތާ ވެސް ޚިލާފަށެވެ. މިފެންވަރުގެ ރައްޔިތުން ހޮވާފައިތިބޭ ސިޔާސީ ލީޑަރުންނަށް ލިބިދޭންޖެހޭ އެއްވެސް ހައްގެއް ނުލިބެއެވެ. ޚާއްސަ މަޖިލީހާއި ގާނޫނުހަދާ މަޖިލީހުގައި ވާނުވާއެއް ރައްޔިތުން ނަކަށް ނާންގައެވެ. ޖަލްސާތައް ލައިވްކޮށެއް ނުފެނެއެވެ. މިކަމާ، އީޔޫގެ ޕާލަންޓަށް ހުށަހަޅައިގެން ތިޔަބޭފުޅުން ގަދައަޅާ މަސައްކަތް ކޮށްދެއްވުން އެދެމެވެ. މިރެޖީމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަންވެއްޖެއެވެ. މިކަން ކޮށްދެވޭނީ ހަމައެކަނި ތިޔަބޭފުޅުން ނަށެވެ. އާދެ! އީޔޫއަށެވެ. އަޅުގަނޑު މެންގެ ހައްގު ލިބިދިނުމަށް ކުރެވެން އޮތްހުރިހާ މަސައްކަތެއް ކޮށްދެއްވުން ވަރަށް ބޮޑަށް އާދޭހާއެކު އެދެމެވެ. ސްޓޭޓް އޮފް އިމަރޖެންސީ އަދިވެސް އޮތީ ހިންގާފައެވެ. ހުރިހާ އަސާސީ ހައްގުތަކަކާއި ވާޖިބުތަކެއް ވަނީ، ވެރިމީހާގެ މުށުތެރެއަށް ލާބަންދުކޮށް ލާފައެވެ. ވެރިމީހާ އަމިއްލައަށް ނެރުނު ގަރާރެއްގެ ދަށުން، ރައްޔިތުން އަޅުގަނޑު މެންނަށް ދީފައިވާ ހައްގުތަކާއި މިނިވަންކަން ވަނީ، ސަސްޕެންޑްކޮށް އަމިއްލަ މުށުތެރެއަށް ލާފިއްތާލާފައެވެ. މިރެޖީމުގެ ގޮށްމުށް ހުޅުވާލަ ދެއްވޭނީ އީޔޫއަށެވެ. އެކަންވާނީ ތިޔަބޭފުޅުނެގެ މަސައްކަތުންނެވެ. އިނގިރޭސިންނާއި އެމެރިކާނުންނަށް ވުރެ، މިކަމުގައި އިސްނަން ގަވަންވީ އީޔޫންނެވެ. އާދެ! ތިޔަބޭފުޅުންނެވެ. ކުޑަކުދިން ގެނެސް ޖަލަށްލާ ކަނުބަނދެ ފަހަތުން ދުވެހަދާ، އަތުލައި ގަނެގެން އަނިޔާކޮށްފައި އެބަހުއްޓެވެ. އަންހެން ކުދިންނަށް ޖިންސީގޮތުން ހާނީއްކަ ކޮށްފައި އެބަހުއްޓެވެ. އަންހެންކުދިން ކަނުބަނދެފައި ސިފައިން އެކުދިންގެ ތުންފަތުގަޔާއި ކަރުދޮށުގައި ކުރިމަތި ފަރާތް ކާއްތާފައި އެބަހުއްޓެވެ. ކަނުބަނދެފައި ތިބި ފިރިހެނުންގެ ކުރިމަތި ފަރާތުގައި ހިފާތަޅުވަމުން، އަބްދުﷲ ހަމީދު އިސްތިއުފާއޭ ކިޔާފައި އެބަހުއްޓެވެ. ސިފައިން މިކަންކޮށްފައި ވަނީ، ހދ. އަތޮޅުން ގާނޫނުހަދާ މަޖިލީހަށް ކުރިމަތި ލާންހުރި ކެނޑިޑޭޓަކަށެވެ. ސިފައިންގެ ސުލޫކާއި އަޚްލާގީ މިންގަނޑަކީ މިއީއެވެ. ތިޔަބޭފުޅުން އިތުރަށް ތަހުގީގުކޮށް ބައްލަވާށެވެ. އޭރުން ހަގީގަތް އިތުރަށް ހާމަވެގެން ދާނެއެވެ. މަގުމަތިން ހިނގާފައި މާމަގެއަށް 13 އޯގަސްޓް ވަނަދުވަހު ދިޔަދެކުއްޖަކު، މަގުމަތިން އަތުލައިގަނެ ތަޅާ އަނިޔާކޮށް، ހެދުމަށް ފަހު ގިރިފުއްޓަށް ކަނުބަނދެގެން ގެންގޮސްފައި ވެއެވެ. އާދެ! ކަނުބަނދެ އަތުގައި ބިޑިއަޅުވައިގެން ކަނޑުމަތީގައި ދަތުރުފަތުރު ކުރުމަކީ، ބައިނަލް އަގްވާމީ ގާނޫނުތައް މަނާކުރާ ކަމެކެވެ. ކަނުބަނދެގެން އަންހެންކުދިން ގިނައިރު ކަނޑުމަތީގަޔާއި އެއްގަމުގައި ގެންގުޅުނީ، ޖިންސީގޮތުން އެކުދިންނަށް ހާނީއްކަ ކުރާށެވެ. މިމީސްމީހުންގެ އާއިލާތަކަށް ވާނުވާއެއް ނޭނގެއެވެ. ސަރުކާރު ޓީވީން ގޮވަނީ، ސަރުކާރާދެކޮޅު ބަޣާވާތެއް ކޮށްގެން އުޅޭކަމަށެވެ. ގައުމީޓީވީއަށް އަރާބައެއް ދަންނަބޭކަލުން ނިޔާކަނޑައަޅާ، ހުކުމްތަކާއި އުގޫބާތްތައްވެސް އާންމުކޮށް ކިޔައިދީފައިވާ ކަމަށް ޚަބަރުލިބެއެވެ. މިއީސަރުކާރުން އަޅުގަނޑުމެންގެ އާއިލާތައް ނަފްސާނީގޮތުން ބިރުގެންނެވުމަށް ކުރާމުޑުދާރު ކަމެކެވެ. އާދެ! އަޅުގަނޑު ތަކުރާރުކޮށް ދަންނަވަންއޮތީ، ހިފޭއްޓިފައި ހުރި، ހައްގުތައް ވީހާއަވަހަށް ރައްޔިތުންނަށް ލިބޭނެގޮތް ހައްދަވައި ދެއްވުމަކީ، ތިޔަ ޔުނިއަންގެ ފުރަތަމަ މަސައްކަތް ކަމުގައި ހައްދަވާށެވެ. އަދި މިރެޖީމުން އެންމެ ފުރަތަމަ ކަމަކަށް ސަސްޕެންޑް ކޮށްފައިވާ، ގާނޫނު އަސާސީގެ މާއްދާތަކަށް އަވަހަށް އަމަލުކުރެވޭނެ ގޮތް ހައްދަވައި ދެއްވާށެވެ. މިރާއްޖެގައި މިއޮތް ކާފިއޫ އަވަހަށް ނެގުމަށް ރައީސް މައުމޫނަށް އަންގަވާށެވެ. އަދި މުޅިމިކަމަށް އަވަސް ހައްލެއް ގެނެސް ދެއްވުމަށް ތިޔަޔުނިއަނުން ލަސްނުކުރައްވައި މަސައްކަތް ފަށްޓަވައި ދެއްވާށެވެ. ރާއްޖޭގެ އެތައް އާއިލާތަކެއް ހަލާކުވެގެން މިއޮއްގެން ދަނީއެވެ. ރާއްޖޭގައި މަދުބައެއް ކަމުގައިވާ ސިޔާސީ ލީޑަރުންކޮޅު މިއޮއްގެން ނައްތާލާއި ހަލާކުކޮށް ލަނީއެވެ. ދެން އަޅުގަނޑުމެން ފަދަ ކެރޭބަޔަކު އުފެދޭނީ އަނެއްކާ ވެސް، 20 އަހަރު ފަހުންނެވެ. އާދެ! މީގެކުރިން 1990 ވަނަ އަހަރު ކަންތައް ކޮށްފައިހުރީ ވެސް ވަރަށް ގޯސްކޮށެވެ. ކުޑަގޮޅިއަށް ވެއްދިގޮތަށް ނުނެރެ ކުޑަގޮޅީގައި ބާއްވައިގެން ތިން އަހަރު ހައަހަރު ބާރައަހަރަށް، ޖަލަށް ހުކުމް އިއްވައި ޝަރީޢަތް ނިންމާފައި ވެއެވެ. އެތައް ޒަމާނެއްގައި ކުޑަގޮޅީގައި އެތިބިގޮތަށް ބޭތިއްބީއެވެ. ނަސީބު ރަނގަޅު މީހުން ސިކުނޑި ހަލާކުނުވެ ތިބީއެވެ. އެބުރުގައި ބަންދުކުރި މީހުންގެ ތެރެއިން ސިކުނޑި ގޯސްވެ ބޯގޮވި މީހުން މިހާރުވެސް ދުނިޔޭގައި އެބަތިއްބެވެ. ހަމަނުޖެހޭ މޮޔައިންގެ ގޮތުގައެވެ. ބޯގޯސްވެފައެވެ. މިފަހަރު އެހެން ވިޔަނުދެއްވުން އޮތީ، ތިޔަޔުނިއަނުން ކުރައްވާ މަސައްކަތުގެ ނަތީޖާއެއްގެ މަތީގައެވެ. މައުމޫނު ރެޖީމުން ގަސްދުކޮށްފައި ވަނީ، މިފަހަރުވެސް ހަމަކުރީފަހަރުހެން ކުޑަގޮޅީގައި ބައިތިއްބައިގެން ހުކުމްކުރާށެވެ. ވީމާ މިކަމާ ވިސްނެވުން ވަރަށް ބޮޑަށް އެދެމެވެ. ނޯޓްކުރައްވާށެވެ. ހަދާނުގައި އަބަދުވެސް ބަހައްޓަވާށެވެ. މިކަމަށް ފިޔަވަޅު އެޅުއްވުން ވަރަށް މުހިންމެވެ. އާދެ! ތިހާދުރުން ތިހާމަތީ ޔުނިއަނަކުން ތިހާމަތީ ފެންވަރުގެ ވަފުދެއް އަޅުގަނޑާ ބައްދަލު ކުރެއްވިތީ، އެކަމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއްކަން އަބަދުވެސް ހަދާން ކުރާނަމެވެ. މާދަމާ ނުވަތަ އަނެއްދުވަހު، އާއިލާއާ ފުރަތަމަ ފަހަރު، މިތަނުން ބައްދަލުވާނެ ކަމުގެ އުންމީދު ކުރެވެއެވެ. އިއްޔެވަރަށް ހަވީރުވެފައި ވަނިކޮށް އެކަންވަނީ އަންގާފައެވެ. ފަހަރުގައި ތަޔަބޭފުޅުން އަޅުގަނޑުމެންނާ މިއަދު ބައްދަލުކުރާނެތީ އެންގި އެއްޗަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އިރާދަ ކުރެއްވިއްޔާ މާދަމާ އަންހެނުން ފެންނާނެ ކަމުގެ އުންމީދު ބޮޑެވެ. އެހެނަސް އެބައްދަލުވުމަށް ވުރެވެސް ތިޔަބޭފުޅުންގެ މިބައްދަލުވުމުން، އަޅުގަނޑު މާބޮޑަށް އުފާކުރުވައި ފިއެވެ. އަޅުގަނޑަކީ، ޔުނިވަރސިޓީ ތައުލީމުން ގްރޭޖްއޭޓް ވެގެން ރާއްޖެއާއި ގޮތަށް ރާއްޖޭގައި ސިޔާސީ އިސްލާހުތައް ގެނެސް ރިފޯމަށް ގަދައަޅާ މަސައްކަތްކުރާ މީހެކެވެ. މިކަމުގައި މީގެކުރިން ހަތަރުފަހަރު ދޫނިދޫޖަލަށް ލާފައިވެއެވެ. ހުރިހާ ވައްތަރެއްގެ ބިޑިއަޅުވާއި އަނދަގޮނޑި ޖެހިއެވެ. އެމްނެސްޓީ އިންޓެނެޝަނަލްގެ ރިޕޯޓްތަކުން މިކަން އެނގިލައްވާނެއެވެ. 1980 ގެ އަހަރު ތަކުގައި ވެސް ސިޔާސީޕާޓީއެއް “ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ” ގެނަމުގައި މިރާއްޖޭގައި އުފެއްދޭތޯ އަންނިއާއި މަރްހޫމް ކަޅުހުރާގޭ ލަތީފާގުޅިގެން އަޅުގަނޑުމެން ތިންމީހުން ވެގެން މަސައްކަތް ތަކެއް ކުރީމެވެ. އެދުވަސް ވަރަކީ، މިހާރު ބޭނުންކުރަމުން މިގެންދާ ގާނޫނު އަސާސީ، އިސްލާހު ކުރަމުން ދިޔަަދުވަސް ވަރެވެ. މިމައްސަލަ އެދުވަސްވަރު ރައީސް މައުމޫނާ ހަމައަށްވެސް އަޅުގަނޑު ސިޓީއަކުން ގެންދިއުމުން، ދެއްވީ ވަރަށް ރީތި، ބޭރުފުށަށް ރަނގަޅު ޖަވާބެކެވެ. އަދި ރާއްޖޭގެ ރައްޔިތުން ޕާޓީސިސްތަމް ސިޔާސަތަށް ތައްޔާރު ވެފައިނުވާތީ ސިޔާސީޕާޓީ އުފެއްދުމުގެ ހުއްދަ ދެވޭކަށް ނެތެވެ. މިހެންނެވެ. އަދި އޭގެ މާފަހުން، 42 މީހުންނާ ގުޅިގެން އެމްޑީޕީ ނަމުގައި ރާއްޖޭގައި ސިޔާސީޕާޓީ އެއް ރަޖިސްޓްރީ ކުރެވޭތޯ މަސައްކަތް ކުރީމެވެ. މި ގްރޫޕް ތެރޭގައި އަޅުގަނޑަކީ، އެންމެއިސްކޮށް އުޅުނު އެކަކަށް ވާނެއެވެ. ގާނޫނުއަސާސީ އެކަމަށް ހުއްދަދޭތީ އެވެ. އެހެނަސް ދިވެހި ފަސްގަނޑުގައި އެކަންވަނީ، އަދިވެސް ނުކުރެވި ފައެވެ. ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަމެވެ. މިފަހަރު އަޅުގަނޑުމެންނަށް ހުކުމަކާ ހަމައަށް ނުގޮސް ނުކުމެވިއްޖެނަމަ، ރާއްޖޭގައި ސިޔާސީޕާޓީ އެފެއްދޭނެއެވެ. އަޅުގަނޑުމެން މިތިބީ އެއަޒުމުގައެވެ. “އައި އޭމް އަ ރިފޯމަރ” އާއި “އައި ވިލް ޑައި ފޯ ޑިމޮކްރަސީ” އާއި “ލޯންގް ލިވް ޑިމޮކްރަސީ” އާއި “އަހަންނަކީ ސިޔާސީ މީހެއް… ޅެންވެރިއެއް ނޫން” މިހިރީ، އަޅުގަނޑުގެ ކެންޕޭންތަކުގައި ކާމިޔާބު ހޯދުމަށް ބޭނުންކުރި މޮޓޯތަކެވެ. އަޅުގަނޑުގެ ގޮޅީގައި ވެސް މި ޢިބާރާތްތައް ރޯފަތުގެ ދިޔައިން ލިޔެފައި ހުންނާނެއެވެ. މިހާރު ލައިގެން މިއިން، އިންޓީޝާޓް ގައިވެސް ލިޔެފައި މިހުރީ، އެވާހަކައެވެ. ބައްލަވާލައްވާށޭ ދަންނަވައި ދައްކާލީމެވެ. މިކަމަކީ އަޅުގަނޑަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭ ކަމެކެވެ. މިކަންކަމަށް ޒުވާނުންގެ ތަރުހީބު ވަރަށް ބޮޑެވެ. އެންމެންވެސް މިފަދަ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެނިޒާމު ބަދަލުކޮށް، އަބަދުވެސް އެކަކަށް ވެރިކަމުގައި ނުހުރެވޭ ގޮތްވާން ބޭނުންވެއެވެ. ވެރިކަމަކީ، ދައުރުވާން ޖެހޭ ކަމެއްގެ ގޮތަށް ބަދަލުކުރަން އެންމެން ވެސް ބޭނުންވެއެވެ. ވީމާ މިނުކުތާތަކަށް ތިޔަބޭފުޅުން ވިސްނެވުން އެދެމެވެ. އާދެ! ދެން ތިޔަބޭފުޅުން އީޔޫގެ ފަރާތުން، އަޅުގަނޑުމެން ކަހަލަ ޖަލުގައި ތިބި ރިފޯމިސްޓުންނާ ބައްދަލުކޮށް ތިޔަ ހައްދަވަނީ، ކޮންބޭނުމެއް ގައިތޯއާއި، އަދި އަޅުގަނޑުމެންނަށް ޓަކާކޮށްދެވޭނީ، ކޮންކަމެއްތޯ؟ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވީ، ތިޔައީ ވަރަށް ރަނގަޅު ސުވާލެއް ކަމަށެވެ. އަސާސީ ދެމެހެއްޓު މަށާއި އިންސާނީ ހައްގުތައް، ބައިނަލް އަގްވާމީ މިންގަނޑުގައި ދެމެހެއްޓުމާއި ކާފިއޫ ނެގުމަށާއި ޚާއްސަ މަޖިލީހުގެ ޖަލްސާތަކުގެ މައުލޫމާތު ފޯރުކޮށް ދިނުމަށާއި ވީހާއަވަހަށް ތިޔަބޭފުޅުން ނާއެކުގައި ޖަލްސާތައް ފެށުމަށް ބާރުއެޅުން އެއީ އަޅުގަނޑުމެން ވަރަށް އަވަހަށް ކުރާނެކަމެއް ކަމަގައި ވިދާޅުވިއެވެ. މިވާހަކަ އިވުމުން އަޅުގަނޑު ވަރަށް އުފާވިއެވެ. އާދެ! އަޅުގަނޑުގެ ތަރުޖަމާނު، އަބްދުލް ހަމީދު ޒަކަރިއްޔާ ވަރަށް ރަނގަޅަށް ތަރުޖަމާކޮށް ދެއްވިއެވެ. ޖެހިލުން ވެލައްވާ ފަހަރުތަކުގައި، އަޅުގަނޑުގެ އަމިއްލަ އިނގިރޭސި ބަހުން، އަޅުގަނޑު ބޭނުންވާގޮތަށް ރަނގަޅުމާނަ އެބޭފުޅުންނަށް ދޭހަކޮށް ދިނުމަށް ބުނެދީހަދާތީ، ހަމީދު ޒަކަރިއްޔާ ވަރަށް ބަރާބަރަށް މިކަން ކޮށްދެއްވިއެވެ. އަޅުގަނޑު މިފުރުސަތުގައި އޭނާއަށް ވެސް އިންތިހާއަށް ޝުކުރުވެރި ވަމެވެ. އަޅުގަނޑު ހިތަށް އަރައެވެ. ރައީސް މައުމޫނަށް، މިކަން އެނގިވަޑައި ގަންނަވާ އިރަށް ހަމީދު ޒަކަރިއްޔާއަށް ލޮޓިއެއް ދެއްވާނެ ތާއެވެ! އާދެ! ދުނިޔޭގެ އެހެން ގައުމުތަކާ ގުޅިގެން އެއްބާރު ލެއްވުމާއެކު، ރާއްޖޭގައި މިވަގުތު ހިންގާފައި މިއޮތް، ސްޓޭޓް އޮފް އިމަރޖެންސީ ވީހާ އަވަހަށް ނެގުމަށާއި ގާނޫނު އަސާސީ އެކުގައި ރައްޔިތުންނަށް ޢަމަލުކުރުމަށް ލިބިދިނުމަށް ގަދައަޅާ މަސައްކަތް ކުރާނެކަމަށް ތަކުރާރުކޮށް އެބޭފުޅުން ވިދާޅުވިއެވެ. އެނބުރި ގައުމަށް ވަޑައިގެން އެންމެއިސް ކަމަކަށް މިކަންތައް އެޖެންޑާގައި ބާއްވާނެ ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. އަޅުގަނޑު އަނެއްކާވެސް ވަރަށް ޝުކުރު ވެރިވެ، އަޅުގަނޑު ކަހަލަ ނިކަމެތި އިންސާނަކަށް ތިޔަދެއްވި ގަދަރާއި އިހްތިރާ މަކީ، މުޅިއުމުރުގައި ވެސް ހަދާން ކުރާނެ ކަމެއްކަމާއި ތިޔަބޭފުޅުންގެ ތިޔަމަސައްކަތަށް ބަރަކާތް ލެއްވުން އެދި މިއަނދިރީގައި އިދެގެން ދުއާކުރާނެ ކަމަށް ދެންނެވީމެވެ. ހަމީދު ޒަކަރިއްޔާ އަށާއި ތިޔަބޭފުޅުންނަށް ވަރަށް ޝުކުރިއްޔާއޭ ދަންނަވާއި ސަލާން ގަލަން ކުރި ހިސާބުން މިބައްދަލުވުން ނިމުނީއެވެ. އާދެ! މިއީ ވަރަށް ފުރިހަމަ ބައދަލު ވުމެކެވެ. ނިމުނީ ގަޑިއެއްހާ އިރުފަހުންނެވެ. އެބޭފުޅުން ގިނަވާހަކަތައް ނޯޓްކުރެއްވިއެވެ. އަންހެން ދެމަންދޫބުން ވަރަށް ޝައުގުވެރި ކަމާއެކު، ސުވާލުކޮށް ވާހަކައިގާ ގިނައިން ބައިވެރިވެ ލެއްވިއެވެ. މިކަމުގެ ވިސްނުމާއި ފިކުރާއި ޚިޔާލުގައި، އެނބުރި އެނބުރި އެރޭގައި އެއްގޮތަކަށް ވެސް ނިންޖެއް ނައެވެ. ނުނިދި ގޮދަޑިމަތީގައި ފުރޮޅި ފުރޮޅި އޮތީއެވެ. ފަތިސް ނަމާދުކޮށް ﷲއަށް މިހުރިހާ ކަމެއް ދަންނަވާއި ފަހިފާގަތި މުސްތަގު ބަލަކަށް އެދެން ޖެހުނީ މިގޮތަށް މުޅިރޭ ހޭލާ އުޅުމަށް ފަހުގައެވެ.
4 ސެޕްޓެންބަރ 2004 ވި ހޮނިހިރު ދުވަހަށް ކުޑަގޮޅިގައި އޮންނަތާ 23 ދުވަސްވީއެވެ. މިދުވަހު ހަވީރުގެ ވަގުތެއްގައި ޖަސްޓިސް މިނިސްޓްރީގައި އޮންނަ، އެމިނިސްޓްރިގެ ދެބޭފުޅުންނާއި ރައްޔިތުން މަޖިލީހުގެ ދެބޭފުޅުން ހިމެނޭ ޓީމެއް، އަޅުގަނޑާ ބައްދަލު ކުރިއެވެ. މިބޭފުޅުން ވަޑައިގަތީ، ސީދާ ޖަލުތެރެއަށެވެ. މިޓީމުގައި ތިއްބެވީ، ޤާޟީ ސަޢީދު މޫސާއާއި އިސްޤާޟީ ހުސައިން ރަޝީދު ތުޅާދޫ އާއި ތ.އަތޮޅު މެންބަރ ހަސަން އަފީފާއި ރައީސް މައުމޫނުގެ މެންބަރ އައިންދީ އާ މިހަތަރު ބޭފުޅުންނެވެ. ޖުމްލަކޮށް ދެކެވުނީ، ހަމަ އެއްވާހަކަ ތަކެކެވެ. ކަނުބަނދެފައި ހަތަރެސްފައިގާ ބިޑިއަޅުވާ، ތަޅާލުމަށް ފަހު، ދެން ކޮން ހާލެއްބައްލަވާ ވާހަކަތޯ ތިޔަވިދާލުވަނީ، މިތިބީ އަނިޔާގައެވެ. ތިޔަދައްކަވަނީ ކޮންހާލެއްގެ ވާހަކަތޯ ދެންނެވީމެވެ. އެތައް ހައްގުތަކެއް ވަނީ، ހިފޭއްޓިފައެވެ. ރައީސް މައުމޫނުގެ މުށުތެރޭގައެވެ. ވެރިމީހާ ހައްދަވަނީ ހައްދަވާނެ އެއްޗެކެވެ. އަދި ހައްދަވާނެ ގޮތެކެވެ. ތިޔަބޭ ފުޅުން އެއްފަހަރު ވެސް އެކަމާ ވިސްނަވާ ލެއްވިން ތޯއެވެ! ތިޔަބޭފުޅުން މިތަނަށް އަޅުގަނޑުމެން ކާރިޔަށް އެފޮނުވަނީ، އަޅުގަނޑުމެންގެ ހާލުބަލާ ހަމްދަރުދީ ވާކަށެއް ނޫނެވެ. ބޭރުދުނިޔެއަށް ދަޅަދެއްކު މަށެވެ. އެކަން އެނގިލައްވާ ތޯއެވެ. މިހުންނެވި އަފީފު މިތާގައި ނެތީ ކީއްވެތޯއެވެ؟ އެއީވެސް އަޅުގަނޑުމެން ކުރިކަމެއްވިއްޔާ ކުރެއްވި ބޭފުޅެކެވެ. އަފީފު ހަމަ އެކައްޗެކޭވެސް ވިދާޅެއް ނުވެހުންނެވިއެވެ. ދެން މިބޭފުޅުން ވިދާޅުވީ، ތިމަންނާމެން ބަލަނީ، ކެއުމާއި ނިދުމާއި ބޭސްކުރުން ހަމަޖެހިފައި ހުރީ، ރަނގަޅަށްތޯ އެކަންޏެވެ. އަޅުގަނޑު ދެންނެވީމެވެ. ނަފްސާނީ ގޮތުންނައި ޖިސްމާނީ ގޮތުން މިއަނިޔާތައް ލިބެމުން ދާހާހިނދަކު، ރަނގަޅަށްކައިބޮއި ރަނގަޅަށް ނިދޭނެތޯއެވެ. ނުނިދޭނެއެވެ. ތިޔަދައްކަވަނީ ބޭކާރު ވާހަކައެވެ. މިތާނގައި ކޮސްނުގޮވާށެވެ. ފުރަތަމަ ކަންތައް ފުރަތަމައަށް އިސް ކުރައްވާށެވެ. އެހެންނޫނީ ވާހަކަދައްކާ އިތުރު އެނާޖީތަކެއް ނަގާލާކަށް އަޅުގަނޑު ބޭނުމެއްނޫނެވެ. ކޮށްދެވޭނެ ކަމެއްއޮތިއްޔާ ވިދާޅުވާށެވެ. ތިއީ ބޭރުމީހުންނަށް ދެއްކުމަށް މިހާރަކަށް އައިސް އާދަކާދައަކަށް ރައީސް މައުމޫނު ހައްދަވައިގެން އުޅުއްވާކަމެކެވެ. ތަިޔަބޭފުޅުންނަށް ކަމެއް ނުކޮށްދެވެންޏާ އިތުރަށް ކުރިޔަށް ދާކަށް ބޭނުމެއް ނޫނެވެ. މާލެ ވަޑައިގެން މިނިސްޓްރި އޮފް ޖަސްޓިސް މައުމޫނު ރެޖީމުގެ ވަކިތަކުން މިންޖުކޮށް، އިންސާފުވެރި ތާކަށް ހެއްދެވޭތޯ ބައްލަވާށެވެ. މަސައްކަތް ކުރައްވާށެވެ. އަޅުގަނޑު ރުޅިގަދަވެފައި ހުރިވަރުން، މިވެރީންނާ މާގިނަވާހަކަތައް ދައްކާކަށް ނުހަދަމެވެ. މިވެރިންނަށް ކުރެވޭނެ ކަމެއްނޯންނާނެ ކަންޔަގީން ވާތީއެވެ. މިމީހުންނީ ޓީވީތަކުންނާއި ރޭޑޮޔޯތަކުން އެއަޑު އިއްވާލުމަށް ހަމައެކަނި ފޮނުވޭ ބަޔަކަށް ވާތީއެވެ.
20 ސެޕްޓެންބަރ 2004 ވި ހޯމަދުވަހަށް ކުޑަގޮޅިގައި އޮންނަތާ، 39 ދަވަސްވީއެވެ. މިދުވަހު މެންދުރު ފަހު ވަގުތެއްގައި ބޭރުބޭފުޅަކަ ބައްދަލުވާން ގޮޅިން ބޭރަށް ނެރުނެވެ. ދޫނިދޫ އުނދޯލިގެ އަށެވެ. މިބޭފުޅަކީ، ސްރީ ލަންކާގައި ހުންނަ އެމެރިކާ އެންބަސީގެ ޑެޕިއުޓީ ކޮމިޝަނަރ މިސްޓަރ ޖޭމްސް އެވެ. މީނާ ވަޑައިގަތީ، ގިނިކަންޏާއެވެ. އިތުރު ބިދޭސިބޭފުޅެއް ނެތެވެ. ސިފައިންގެ ފަރާތުން އިންނެވީ، އޮފިސަރެއް ކަމުގައިވާ އަބްދުﷲ ރިޔާޒެވެ. ސަލާން ގަލަންކޮށް ތައާރަފް ވުމަށްފަހު، ޖޭމްސް ވިދާޅުވީ، މާލޭގައި ބޭއްވި އެމެރިކަން ފެއާއަކަށް އައިސް ރައްޔިތުން މަޖިލީހުގެ ތިޔަ އިއްޒަތްތެރީންނާ ބައްދަލުވެލުމަށް އެދުމުން، ސަރުކާރުން އެހުއްދަ ދެއްވީމާ، ވަޑައިގަތީ ކަމަށެވެ. ފުރަތަމަވެސް އެއްސެވީ މިތަނަށް، ޖަލަށް ގެނެވުނީ، ކޮންތާކުންތޯއެވެ؟ އަޅުގަނޑު މަރަހަބާ ދެންނެވުމަށް ފަހު، ދެންނެވީ، އަޅުގަނޑު ދޫނިދޫ ޖަލަށް ގެނެވުނީ ސީދާ އަޅުގަނޑުގެ ގެޖަވާހިރުވާދީގައި ޓީވީބަލަން އިންދައި 13 އޯގަސްޓް 2004 ވި ހުކުރު ދުވަހުގެ އިރުއޮއްސުނު ފަހުންނެވެ. އަޅުގަނޑު ނެގީ ކަޅުހުކުރުގެ މައިދާނަކުން ނޫނެވެ. އަސާސީން ހުރުމަތްތެރިކަން ލިބިގެންވާ އަމިއްލަ ގޭގައި އަންހެނުންނާއި ކުޑަކުޑަ ދެކުދިންނާއެކު، އޭޝިޔާޓުޑޭ ބީބީސީން ބަލަން އިންދައެވެ. ވަރަށް ވައިލްޑްކޮށް ލާއިންސާނީ ކޮށެވެ. ކަނުބަނދެފައި އަނިޔާކުރިއެވެ. މުޅިސްޓޯރީ އެކުގައި ކިޔައި ދިނީމެވެ. އަދި އެހެން މީހުންނަށް ސިފައިން ކުރި އަނިޔާތަކުގެ ވާހަކައާއި ދޫނިދޫޖަލުގެ އެންމެހާ ކަންތައްތައް ހުރިގޮތުގެ ވާހަކަ، ވަރަށް ތަފްސީލުކޮށް ކިޔައިދިނީމެވެ. އާދެ! އީޔޫވަފުދަށް ކިޔައިދިން ހުރިހާ ވާހަކަތަކެއް ޖޭމްސް އަށް ކިޔައި ދިނީމެވެ. އެޓޮލްސް އިން، އަޅުގަނޑުގެ ވަޒީފާއަށް ހަދާލިގޮތާއި ނޯޓިސް ދީކަނޑާލިގޮތާއި ސަބަބު ކިޔައި ދިނީމެވެ. ޚާއްސަ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ކަންތައްވީ ގޮތާއި ޝަރުޢީކޯޓަށް އެމައްސަލަ ވައްދަން ޖެހުނު ސަބަބުކިޔައި ދިނީމެވެ. މިހުރިހާ ވާހަކަތަކެއް ވަރަށް ޝައުގުވެރިކަމާ އެކު، އަޑު އައްސަވާއި އިތުރަށް ސުވާލު ކުރައްވަމުން ވާކަތައް ގިނައިރު ކުރިޔަށް ގެންދެވިއެވެ. މިހުރިހާ ވާހަކަތަކެއް އައްސަވާއި ހެއްދެވުމަށް ފަހު، އަޅުގަނޑަށް ވަރަށް ހިތްވަރު ދެއްވިއެވެ. އަދި ހިސްއެކްސި ލެންސީ އަށް، އާދެ! ކޮޅުބުގައި ހުންނަވާ އެމެރިކަން އެމްބެސެޑަރަށް، މިވާހަކަތައް ތަފްސީލާއެކު ކިޔައިދޭނަމޭ ވިދާޅުވިއެވެ. ދެން ތިމަންނާއަށް ކޮށް ދެވޭނީ، ކޮންކަމެއްތޯ އަޅުގަނޑާ ސުވާލުކޮށް އެހީމާ، އެމެރިކާ ސަރުކާރުގައި ދަންނަވައިގެން، އަޅުގަނޑުމެން ކުރަމުން މިގެންދާ ރިފޯމްގެ މަސައްކަތް މިނިވަންކަމާއެކު، ރާއްޖޭގައި ކުރެވޭނެގޮތެއް ރާވައިދީ، އަޅުގަނޑުމެން މިނިވަންކޮށް ދިނުމަށް، އެމެރިކާއިން ކުރެވެންހުރި ހުރުހާ މަސައްކަތެއް ކޮށްދެއްވުން އެދުނީމެވެ. މިވާހަކަތައް އަމިއްލްފުޅަށް ގަލަން ނަންގަވައިގެން ނޯޓްކުރައްވައި އެކަންތައްތައް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ދެއްވިއެވެ. ދެން އަޅުގަނޑު ދެންނެވީމެވެ. މިދިޔަ އަހަރު އެމެރިކާ ސްޓޭޓް ޑިޕާޓްމަންޓުން ނެރުއްވި ރިޕޯޓް އަޅުގަނޑު ކީންކަމައި އެމެރިކާ ރާއްޖެއާ ދޭތެރޭގައި ގެންގުޅުއްވާ ގާތްކަމާއި ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް މަރްހަބާ ދަންނަވާއި ސާބާސް ދެންނެވީމެވެ. އަޅުގަނޑުމެން ނަކީ ދެތިން ފަރުދުން ނޫންކަމާއި މިއީ ބޮޑު ޖަމާއަތެއް ކަމާއި ރާއްޖޭގައި ގްރޭޓަރ ޑިމޮކްރަސީއަށް އަޑުއުފުލާ، ލިބަރަލް ފިކުރެއްގެ އަހްލުވެރި ބައެއްކަމުގައި ދެންނެވުމުން، އެހިސާބުން އޭނާގެ ވިޒިޓިންކާޑު ޖީބުން ނަންގަވާފައި އަޅުގަނޑު އަތަށް ދެއްވިއެވެ. އަދި މިނިވަން ވުމުން، އޭނާއާ ބައްދަލު ކުރުމަށް ވިދާޅުވިއެވެ. މިހިސާބުން އަޅުގަނޑު ދެއްކި ވާހަކަތައް މީނާއަށް ވަރަށް ކަމުގޮސް ގަބޫލު ކުރައްވަފިކަން އަޅުގަނޑަށް ވިސްނުނެވެ. ސިފައިންގެ ރިޔާޒް މަޑުމަޑުން ކާރީގައި ވާހަކަތައް އަޑުއަހަން އިންނެވިއެވެ. ނަސީބަކުން ސިފައިން، ޖޭމްސް ދެއްވި މިޒިޓިންކާޑް އަތުލާޚިޔާލެއް ނުކުރިއެވެ. އަދިވެސް އަޅުގަނޑު އަތުގައި އެކާޑް އެބައޮތެވެ. މިނިވަން ވުމުން އެނާއާ، ﷲ އިރާދަކުރެއް ވިއްޔާ ބައްދަލު ކުރާނީއެވެ. އާދެ! މިހާހިސާބުން މިމުހިންމު ބައްދަލުވުން ނިންމާލާ ވަކިވެ، އަނެއްކާވެސް ގޮޅިއަށް ވެއްދީއެވެ. މިދުވަހަކީ ވެސް ޚިޔާލާއި ފިކުރާއި މުސްތަގުބަލާ މެދު ވިސްނުންތަކެއް ގެނެވުނު ވަރަށް އުފާވި ދުވަހެކެވެ. ދިވެހި ގައުމުގެ ކުރިމަގަށް ވިސްނާއި ފިކުރު ކުރެވުނު ދުވަހެކެވެ. ހުރިހާ ޝުކުރެއް ހުރީހުސްތޯހިތު ވަންތަ ﷲ އަށެވެ.
22 ސެޕްޓެންބަރ 2004 ވި ބުރާސްފަތި ދުވަހަށް ކުޑަގޮޅީގައި އޮންނަތާ، 41 ދުވަސްވީއެވެ. މިދުވަހު ދިވެހި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޓީމެއް ބައްދަލު ކުރިއެވެ. ދޫނިދޫ އުނދޯލިގޭގައެވެ. ވަޑައިގެން ތިއްބެވީ، އަހްމަދު މުޖްތަބާއާއި މަޑުލު ވަހީދާއި ދެއަންހެން ބޭފުޅަކާއި ގުލްފާމުގޭ މުޢްތަޞިމް ޢަދްނާނެވެ. ދެކެވުނީ، ތަކުރާރުކޮށް އެއްވާހަކަ ތަކެކެވެ. އަދިވެސް ވަކި ޚާއްސަބަދަލެއް ނާންނަކަމާއި މިހުރީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ޓޯޗާގައި ކަމާއި ނޫސްމަޖައްލާ. ރޭޑިޔޯ ފަދަތަކެތި ނުލިބޭކަމަށް ދެންނެވީމެވެ. ކުރީދުވަހު އަޅުގަނޑު ހުށަހެޅި ދެމައްސަލަ މިހާރުއޮތީކިހާ ހިސާބެއްގައިތޯ ސުވާލު ދެންނެވުމުން، އެކަންތައް ބަލައިދޭނަމޭ ވިދާޅުވިއެވެ. ކުރީގެ ބައްދަލުވުމަށް މަހެއްވުމާ ގުޅިގެން ހާލުބަލާލައި ބައްދަލުވެލާއި ވާހަކަދަށްކާ ލުމުންވެސް ހިތްހަމަޖެހުމެއް ލިބޭނެކަމުގެ އުންމީދުގައި ބައްދަލުކޮށްލަން ވަޑައިގަތީ ކަމުގައި ވިދާޅުވިއެވެ. މިބުރުގައި މިވެރިން ވަރަށް ގިނަމީހުންނާ ބައްދަލު ކުރެއްވިއެވެ.
5 އޮކްޓޯބަރ 2004 ވި އަންގާރަ ދުވަހަށް ކުޑަގޮޅީގައި އޮންނަތާ، 54 ދުވަސްވީއެވެ. މިދުވަހު މިނިސްޓްރީ އޮފް ޖަސްޓިސްގައި އޮންނަ ޖަލުކަންތައްތައް ބަލަހައްޓާ ކޮމެޓީގެ ބޭފުޅުން އަޅުގަނޑާ ބައްދަލުކުރަން އައެވެ. ނެރުނީ ވަރަށް ހަވީރުވެފައި ހުއްޓާ އުނދޯލިގެ އަށެވެ. ތިއްބެވީ އާދަމް ސަޢީދު މޫސާއާއި ޤާޟީ އަބްދުﷲ ޢަރީފާއި ތ.މެންބަރ ހަސަން އަފީފާއި ރައީސް މައުމޫނުގެ މެންބަރ އައިންދީއެވެ. މިއަދު ވާހަކަ ދެއްކެވީ، އާދަމް ސައީދު އެކަންޏެވެ. އެހެންބޭފުޅުން ތިއްބެވީ މަޑުންނެވެ. ސިފައިންގެ ފަރާތުން އިންނެވީ، ލޭޑީ އިބްރާހީމް މަނިކެވެ. ދެކެވުނީ ތަކުރާރުކޮށް ހަމައެއްވާހަކަ ތަކެކެވެ. ނޯޓް ކުރެއްވީވެސް އޭނާ އެކަންޏެވެ. މިއަދު މިފެންނަނީ، ވަންމޭންޝޯއެކެވެ. ކުރިންކުރި އަނިޔާތަކުގެ ސަބަބުން ވާއަތުފައި ދުޅަވެފައިވާ ވާހަކަ، ފައިން އެތަން ދަށްކާފައި އާދަމްސައީދަށް ދެންނެވީމެވެ. ބުރަކަށީގައި ގޮށްމުއްކަވާފައި ދެއަތުގެ ބަނޑުފުށުން އަޅާގަޅުވާލި ދިމާގައި، ރިބްސްތައް އައިސް މައިބަދާގައިގެ ދެފަރާތުން ބައްދަލުވާ ދިމާއިން ތަދުވެ، އެދިމާއިން ނާރެއް ފިތިގެން ފަޔަށް ތަދުވެ، ދުޅަވަނީ ކަމަށް ބެއްލެވި ދެޑޮކްޓަރުން ވެސް (ޝަކީލާއި އަދި އެހެންމީހެއް) ވިދާޅުވާ ކަމަށް އެބޭފުޅުުންށަށް ދެންނެވީމެވެ. މިކަހަލަ އަނިޔާތައްކޮށް ހޭއަރުވާލުމަށް ފަހު، ހާލު ބައްލަވަންށޭ ކިޔުއްވާފައި ޓީމުތައް ފޮނުވުމުގެ ބޭނުމެއް ނެތެވެ. އަދިވެސް މިހުންނަނީ، ކުޑަގޮޅީގައި ނަފްސާނި ގޮތުންނާއި ޖިސްމާނީގޮތުން ވޭނާއި އަނިޔާގައި ކަމަށް ދެންނެވީމެވެ. ކަމެއް ކޮށްދެއްވަންޏާ މިއަނިޔާތަކުން ސަލާމަތްކޮށް ދޭށެވެ. ކޯޓުން މިކަންތައް ބައްލަވައި ދޭށެވެ. ނުވަތަ މިކަމަށް މަސައްކަތް ކޮށްދޭށެވެ. ދެން ޤާޟީ އަރީފް ފެނުމުން ހަދާންވާ ވާހަކައެއްވެސް ދަންނަވާ ލާނަމޭ ކިޔާފައި މިވާހަކަ ދަންނަވަން ފެއްޓީމެވެ. ދާދިފަހުން ޖިނާއީކޯޓުގައި ހިންގި މައްސަލައެއް އަޑުއެހުމަށް ދެފަހަރަކު އަޅުގަނޑު ވަނީމެވެ. އެއިން އެއްދުވަހަކީ، މީހުން ޖަސްޓިސް ބިލްޑިންގަށް އެއްވި ދުވަހެވެ. ހިނގަމުން ދިޔައީ ޝައިޚްފަރީދާއި އޭނާގެ ހައެއްކަ އެކުވެރީންގެ މައްޗަށް ދައުލަތުން ކުރައްވާ ދައުވާއެއްގެ އަޑުއެހުމެވެ. މިދެދުވަހު އޮތީ، އޭރުމަޖީދިއްޔާ ސްކޫލްގައި ކިޔަވަންހުރި ކުޑަ ކުއްޖެއްގެ ބަޔާނެއް އިއްވުމާއި އެބަޔާންނެގި ސިފައިންގެ ހެކިބަސް އެހުމެވެ. މިދެފަރާތުގެ ވާހަކަތައް އަޑުއަހާފައި އަޅުގަނޑު އަޖައިބުވެ އަންތަރީސް ވިއެވެ. އަޑުއަހަންތިބި، ބާރަވަރަކަށް މީހުންވެސް މިގޮތަށް އިއްތިފާގު ވެއެވެ. އެހާ ފެންވަރާއި ފަންވަރުދަށް ބަޔާނެއްގެ ޝަރީޢަތް މިހާދިގުލައިގެން ގޮސްފައިވާތީ އެވެ. އަޅުގަނޑަކީ، އިއްޒަތްތެރި ޤާޟީނަމަ، މިހާހިސާބުން ފާޅުވެ، އެނގުނުހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް އެކުއްޖާ އަތުން ހޯދާފައި އެވާ، ބަޔާނަކީ ބާތިލް އިއުތިރާފެއް ކަމުގައި ނިޔާކަނޑައަޅާ މައްސަލަކޯޓުން ބޭރުކޮށް ލައިފީމުހެވެ. އަޅުގަނޑަކީ ވެސް ޢަރީފް ކިޔަވާވިދާޅުވި މަދީނާ ޔުނިވަރސިޓީން ކިޔަވައިގެން ހުރި، މީހަކީމެވެ. ރާއްޖެއައި ތަނުން ފުރަތަމަ، ޤާޟީކަން ދޭން އުޅުނީމާ ހަވާލުނުވީއެވެ. އެކަހަލަ ތާކުންތާކު ނުޖެހޭ މައްސަލަތައް ދިގުދެންމީމާ ބަދުނާމު ވާނީ ސަރުކާރެވެ. ޤާޟީ އަބްދުﷲ ޢަރީފު އެއްވެސް އެއްޗެއް ވިދާޅުނުވެ، ވަރަށް ސީރިޔަސްކޮށް، އަޑުއައްސަވަން އިންނެވީއެވެ. މިވާހަކަ ތަކަށްފަހު، ބައްދަލުވުން ނިންމާލީއެވެ.
6 އޮކްޓޯބަރ 2004 ވި ބުދަދުވަހަށް ކުޑަގޮޅީގައި އޮންނަތާ، 55 ދުވަސްވީއެވެ. މިއަދު ބޭރަށް ނެރުނީ، ކޮޅުބުގައި ހުންނަވާ އެމެރިކާ ސަފީރާ ބައްދަލު ވުމަށެވެ. ނެރުނީ އުނދޯލިގޭގައި ހުންނަ ސޯފާ ސެޓަށެވެ. އެމަނިކުފާނާ އެކު، އެމަނިކުފާނުގެ އަންހެން ސެކްރެޓަރީ ވަޑައިގެން އިންނެވިއެވެ. ތިންވަނަ މީހަކަށް އިންނެވީ، ސިފައިންގެ ފަރާތުން އިންނަވާ ބޭފުޅާ އަބްދުﷲ ރިޔާޒެވެ. ރިޔާޒާނުލާ އެކަހެރިކޮށް އެންބެސެޑަރާ އެކު، އެއްމިނެޓްގެ ވަގުތުކޮޅެއް އެންބެސެޑަރ ވިދާޅުވެގެން އަޅުގަނޑަށް ދެއްވިއެވެ. އެވަގުތުކޮޅުގައި ރިޔާޒު ތަންކޮޅެއް ދުރުގައި އަޑުނީވޭ ހިސާބުގައި ފެންނަގޮތަށް އަޅުގަނޑާ ދިމާލަށް ބަލަން ހުންނެވިއެވެ. ތައާރުފްވުމުގެ ސަލާމަށްފަހު، ވާހަކަތައް ފަށައިގެން ކުރިޔަށް ގެންދެވުނެވެ. މިސްޓަރ ޖޭމްސް ފަރާތުން ވަރަށް ރަނގަޅަށް ތިޔަބޭފުޅުންގެ ވާހަކަތައް އެނގިވަޑައިގެން އިންނެވި ކަމަށް ވިދާޅުވަމުން، އީޔޫއިން ތިޔަބޭފުޅުންނާ ބައްދަލުކުރި ވަފުދުގައި އިސްކޮށް ހުންނެވި ބެފުޅާ ވަރަށް ރަނގަޅަށް ދަންނަކަމަށާއި ވާހަކަ ދެކެވުނުކަމަށް ވިދާޅުވަމުން އެމީހުން ވެސް ވަރަށް މަސައްކަތް ކުރާނެކަމަށް ވިދާޅުވިއެވެ. ދެން ކިހިނެތްތޯ އެއްސެވުމުން އަޅުގަނޑު ދެންނެވީމެވެ. އަދިވެސް ނޫސްމަޖައްލާ، ރޭޑިޔޯ، އަދި ކިޔާލާނެފޮތެއް ނުލިބޭކަމަށާއި މިތިބެނީ ސަތޭކަޕަސަންޓް ޓޯޗާގައި ކަމަށް ދެންނެވީމެވެ. ކުޑަކުޑަގޮޅި އެއްގައި 24 ގަޑިއިރު މިތިބެނީ ތަޅުލާފައި ކަމުގައި ދެންނެވީމާ ވަރަށް ހައިރާންވެ، ތިމަންނައަށް ވެސް ތިޔަކަން އިހްސާސް ކުރެވެޔޭ، ތިމަންނާއަށް ނިދާލެވެނީ ވެސް ކޮންމެވެސް އެއްޗެއް ބަލާލައި ކިޔާލެމުނީމާ ކަމުގައި ވިދާޅުވިއެވެ. އަޅުގަނޑު އިތުރަށް ދެންނެވީމެވެ. އަދި ވެސް ލޮޔަރެއް ހަމަޖައްސައި ނުދޭކަމާއި 55 ދުވަސްވީ އިރުވެސް ތަހުގީގު ނިންމާކަށްވެސް ނޫޅެއެވެ. ތަޅުލާފައި ހަމަބައިތިއް ބަނީއެވެ. މިހާތަނަށް ސުވާލުކުރުމަށް އަދި ނެރުނީ، އެންމެ ތިންދުވަހުއެވެ. އަޅުގަނޑަކީ، އެއްވެސް ކުށެއްކުރި މީހެއް ނޫނެވެ. ސަރުކާރުން ވާހަކަ ދެއްކެވި، ބޭފުޅާ، އޭރުގެ އިންފޮމޭޝަން މިނިސްޓަރ ސަމަރުބްލޫ އިބްރާހީމް މަނިކު، ޚާއްސަ މަޖިލީހުގެ މެންބަރ ގާސިން އިބްރާހީމަށް ފޯނުކުރައްވާފައި ސިފައިންގެ ދޮށަށް ވަރަށް ގިނަމީހުން އުޅެނީ އެއްވެގެންނޭ، އެމީހުންތައް ގެއަށް ފޮނުވާލުމަށް އެހީތެރިވެދެއް ވުމަށް، ތިޔަބޭފުޅުން މަސައްކަތް ކޮށްދެއްވަން އެދި ވަޑައިގަތުމުން، ގާސިމާއެކު އަޅުގަނޑުމެން އެގާރަ މެންބަރުން އެވަގުތު، މާލޭގެ މެންބަރ އިބްރާހީމް އިސްމާއީލް އިބުރާގެ ގޭގައި ވަރަށް ޚާއްސަ ބައްދަލުވުމެއްގައި ތިބެފައި އެދިމާލަށް ސިފައިންގެ ދޮށަށް، ޖުމްހޫރީ މައިދާނާ ދިމާލަށް ނައްޓާލީއެވެ. އެކިމީހުން ދިޔައީ އެކިގޮތަށެވެ. އަޅުގަނޑު ދިޔައީ ފައިމަގު ހިންގާފައެވެ. ހަމަ ގައިމުވެސް މިތަނަށް ދިޔައީ، އަދި މިކަން އަޅުގަނޑުކުރީ، މިނސްޓަރ އިބްރާހީމް މަނިކު ވިދާޅުވިކަމަށް ގާސިމު އަޅުގަނޑުމެންނަށް ވިދާޅުވެދެއްވީ މައެވެ. ގާސިމު ވާހަކަ ދެއްކެވިއިރު އަޅުގަނޑުހުރީ ވަރަށްކާރީގައި މިކޮޅުން ވިދާޅުވާ އެއްޗެއް އިވޭހިސާބު ގައެވެ. އާދެ! އަޅުގަނޑުމެން ހުރިހާ މެންބަރުން ވެސް އެރޭއެތަނަށް ދިޔައީ މިދެންނެވި ސަބަބާހުރެއެވެ. ދިޔައީ އިބްރާހީމް މަނިކު ގުޅުއްވާފައި ގަސިމަށް ދެންނެވުމުން، ގާސިމު އަޅުގަނޑު މެންގެ ގާތުގައި ހިނގާށޭދާން ވިދާޅުމުންނެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު މެންނަކީ، ކުށްވެރީންނެއް ނޫނެވެ. އަޅުގަނޑު މެން އެއެއްވުމަށް ދިޔައީ ސަރުކާރުން ދައުވަތު މިގޮތުގެ މަތީން ދެއްވީމައެވެ. މިއީ އަޅުގަނޑުމެން ބަންދުކުރަން ވެގެން ސަރުކާރުން ރޭވިރޭމުކެވެ. ހަމައެކަނި އަޅުގަނޑުމެންގެ ކުށަކީ، ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކަށް އަދި އިސްލާހަށް މަސައްކަތްކުރާ ބަޔަކަށް ވާތީކަމުގައި އަޅުގަނޑު ސަފީރަށް ދެންނެވީމެވެ. ރާއްޖެ އަށް ޕާޓީސިސްޓަމް ސިޔާސަތު ގެނައުމަށް އަދި ވެރިމީހާ ދައުރުވާގޮތަށް ހެދުމަށް މަސައްކަތްކުރާތީ، ރޭވުމެއް ރާވާލައިގެން ގެންގޮސް އެނެމެން ޖަލަށް ލީކަމުގައި ދެންނެވީމެވެ. ދޮގުބަހަނާއެއް މެދުވެރިކޮށް، މާސިންގާ ތުހުމަތެއް ބޮލުގައި އަޅުވާފައެވެ. އަޅުގަނޑު މިހުރީ ރާއްޖެއަށް ރިފޯމްގެނައުމަށް ފޫގަޅާލައި ގެންނެވެ. ރާއްޖޭގައި ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް މަރުވާންވެސް ތައްޔާރަށޭ ދެންނެވީމާ ވަރަށް ހިތްވަރު ދެއްވިއެވެ. ކުރިޔަށް މިއޮތް، މިއަހަރުގެ ފަހު ދުވަސް ކޮޅުގައި ހަމަގައިމުވެސް މިރާއްޖޭގައި ރައްޔިތުންގެ މަޖިލީހަށް މީހުން ހޮވުމަށް އާންމު އިންތިޚާބެއް ބާއްވަން ޖެހޭނެއެވެ. އެމެރިކާއިން މިއިންތިޚާބު ބަލަހައްޓާއި މޮނޮޓަރ ކޮށްދޭނެ ބަޔަކު އައުމަކީ، އަޅުގަނޑުމެން ވަރަށް އެދޭކަމެކޭ ދެންނެވީމާ ވިދާޅުވީ، ސަރުކާރުން ހަމަ މިއަދުއެދުނަސް އެކަން ހަމަޖައްސައިދޭނެ ކަމަށެވެ. ރާއްޖެތެރޭގައި އިންސާފުވެރި އިންތިޚާބެއް ނުބޭއްވެނީ، ވެރިކަމުގެ ނިޒާމުގައި ރޭވިފައި އޮންނަގޮތުން މައްސަލަތަކެއް އުޅޭތީއެވެ. އިންތިޚާބަށް ނުފޫޒާއި ބާރުހިންގާނެ މިނިސްޓްރީއެއް “އެޓޮލްސް” ގެނަމުގައި ސީދާ އެކަމަށް މަގުފަހި ކޮށްދީ މަސައްކަތް ކުރަން ބަހައްޓާފައި ހުންނާތީ ވާގޮތެއް ކަމުގައި ދެންނެވީމެވެ. އަޅުގަނޑު އަށާރަ އަހަރާބައި ވަންދެން ސަރުކާރުގައި އުޅުއިރު ގިނަދުވަހު އުޅުނީ އެމިނިސްޓްރި ގައިކަމުން މިކަން ވަރަށް ރަނގަޅަށް، އަޅުގަނޑަށް ސާފުކޮށް އެނގޭތީ މިވާހަކަތައް ދެންނެވީއެވެ. އެމިނިސްޓްރީ އުވާލަދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދުނީމެވެ. އަދި އަޅުގަނޑަށް މިވަނީ، ގާނޫނު އަސާސީން ހުއްދަދޭއިރު، ނެރެގެން ގެންގުޅޭ ގަރާރަކުން، އަޅުގަނޑުކޮށް ގެންހުރި ގާނޫނުއަސާސީހަދާ މަޖިލީހުގެ ހުވަޔަށް އަމަލުކުރިޔަ ނުދީހުރަސް އަޅާފައެވެ. ގަރާރަކުން އަސާސީގެ މުހިންމު މާއްދާތައް ވަނީ މުޑުތެރެއަށް ލާފައެވެ. މަޖިލީހުގެ ތަޅުމުގައި ކަންތައްތައް ވާނުވާގޮތެއް އެއްގޮތަކަށް ވެސް މިހާރަކު ނޭނގެއެވެ. މިކަން ސަރުކާރުން މިކުރަނީ ގާނޫނު އަސާސީއާ ޚިލާފަށެވެ. އަޅުގަނޑު ކޮންމެތާކު ހުއްޓަސް ޝަރުއީކޯޓަކުން ހުކުމެއް ނުކުރާހާ ހިނދަކު އަޅުގަނޑު އެތަޅުމަށް ހާޒިރުކުރަން ޖެހޭނެއެވެ. އެޖަލްސާތަކަށް ގެންދަން ޖެހޭނެއެވެ. ދެން ސަފީރު ވިދާޅުވެ ދެއްވީ، މިމަހުގެ މިއަންނަ، 12 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަމާއި އެދުވަހުގެ ޖަލްސާގައި ހުރިހާ އިއްޒަތްތެރި މެންބަރުން ހަމައަށް ތިއްބަވާނެ ކަމުގެ އުންމީދު ކުރައްވާކަމުގައެވެ. މިކަންވަނީ ތިމަންނައަށް ސަރުކާރުން އަންގާފައޭ ވިދާޅުވިއެވެ. އަދި މާދަމާ ރައީސް މައުމޫނާއެކު އެޕޮއިންޓްމަންޓެއް ހަމަޖެހިފައި އެބައޮތް ކަމުގައި ވެސް ވިދާޅުވިއެވެ. މިވާހަކަ، އާދެ! ހުރިހާ މެންބަރުންނާއެކު އަވަހަށް ޖަލްސާތައް ފެއްޓެވުމަށް ދަންނަވައި ދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެމްނެސްޓީ އިންޓަރނޭޝަނަލްގެ ޓީމެއް ރާއްޖެއަށް ޒިޔާރަތް ކުރާނެކަމާއި މިއަންނަ ހަފްތާ ހިސާބުގައި އެމީހުން ތިޔަބޭފުޅުންނާ، މާލޭގައި ބައްދަލުކުރާނެ ކަމުގެ އުންމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އަޅުގަނޑު އުންމީދުކުރަނީ، ދެދުވަހެއްގެ ތެރޭގައި މާލެގެންދާނެ ކަމަށް، ކަމުގައިވެސް ވިދާޅުވިއެވެ. އަޅުގަނޑަށް މިޚަބަރު ވެގެންދިޔައީ ވަރަށް ބޮޑުއުފާވެރި ޚަބަރަކަށެވެ. އެވަގުތު އަޅުގަނޑުގެ ލޮލުން އުފަލުން ގޮސް ފެންފާއްދާލިއެވެ. ފެންކަޅިވިއެވެ. އެމެރިކާގެ އެއްބާރުލުން ލިބިގެންނޫނީ، ރާއްޖެކަހަލަ ޒަމާނުއްސުރެ އެކެއްގެ ފަރުދީބާރުން ވެރިކަން ހިންގަމުން ގެންދާ ތާކަށް އިސްލާހީ ފިޔަވަޅުތައް ކުރިޔަށް ނުގެންދެވޭނެ ކަމާއި، މިހާރުގެ ރެޖީމުން ބޭނުންވަނީ، ބަހަނާ ދައްކައިގެން، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވީހާ ގިނަދުވަހަކު އަދިވެސް ވެރިކަމުގައި ތިބުމަށް ކަމާއި، ބައެއް ބަދަލުތައް ޒުވާންދެތިން ވަޒީރަކާއެކު، ގެންނަވާނެ މޮޅެތިވާހަކަތައް ދައްކަވަނީއެވެ. އަޅުގަނޑު ދަންނަވާނީ، އަދިވެސް މިރާއްޖެއޮތީ، ހަމައޮތްތާގައެވެ. ހުރިހާ ކަމެއްވެސް ލަސްކޮށް ފަސްކުރުމުގެ ސިޔާސަތަށް ފައްތައިގެން އެކުރައްވާ ކަމަކީ، ވެރިކަން ދެންމުމާއި އަމިއްލަގޮތް ގަނޑު ގަދަކުރުން ކަމުގައި ދެންނެވީމެވެ. ހުރިހާކަމެއް ވެސް ރައީސް މައުމޫނު އެކުރައްވަނީ ތިޔަބޭފުޅުންނަށް އޮޅުވާލުމަށެވެ. އަނދުނެއް އެޅުވުމަށެވެ. އެއީ ގަސްދުގައި އެނގިހުންނަވައިގެން ކުރައްވާ ނުބައި ނުލަފާ ކަމެކެވެ. 9 ޖޫން 2004 ގައި އިސްލާމީ މަރުކަޒުގައި ހުންނަވައިގެން އެވިދާޅުވި އިސްލާހުތައް އަވަހަށް ނުވަތަ ފަހުންވެސް ގެނެސްދެއްވަން ބޭނުންފުޅުނަމަ، ކުރެއްވިދާނެ އެތައްއެތައް ކަމެއް އެބަހުއްޓެވެ. ލަސްކުރާކަށް ނުޖެހެއެވެ. އެހެނަސް އެއިން އެއްވެސް ކަމެއް އަދިވެސް ކުރިޔަކަށް ނުގެންދަވަ އެވެ. މަޑުމަޑުން ވަޅުޖައްސާ ލައްވަނީއެވެ. އަމަލަށްވުރެ ގިނައީ ވާހަކައާއި އޮޅުވާލުމުގެ ސިޔާސަތެވެ. މިހިސާބުން އަޅުގަނޑަށް ވަރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އަޅުގަނޑުމެން މިކުރަމުންގެންދާ ބުރަހިތްވަރު ފާހަގަ ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އެހެންގައުމު ތަކަށްވުރެ މިގައުމުގައި ޑިމޮކްރަސީ ގެނެވޭލެއް އަވަސްކަމަށް ވިދާޅުވިއެވެ. އަދި ވަރަށް ހިތްވަރު ދެއްވާއި ސަބަސް ދެއްވިއެވެ. ދެން މާލެ ގެންދިއުން ލަސްނުވާނެ ކަމުގެ އުންމީދު އަނެއްކާވެސް ދެއްވަމުން، މިބައްދަލުވުން ނިންމާލީއެވެ. މިއަދަކީވެސް ވަރަސް އުފާވި ދުވަހެކެވެ. އުފަލުންގޮސް ރޮވުނު ދުވަހެކެވެ. ދެލޮލުން ކަރުނަފޭބި ދުވަހެކެވެ. އަޅުގަނދު ކަހަލަ އާދައިގެ މީހަކު ޖަލުގެ ކުޑަގޮޅީގައި ބަންދުކޮށްފައި ވަނިކޮށް އެމެރިކާ ކަހަލަ ސުޕަރޕަވަރ އެއްކަމުގައިވާ ބޮޑުދައުލަތެއްގެ ރަސްމީ މަންދޫބަކު، ވަކިންޚާއްސަކޮށް ފަތްކޮޅު ދެއްވާފައި ހުންނަވާ ސަފީރަކު، އަޅުގަނޑާ ބައްދަލުކޮށް ހިތްވަރު ދެއްވާއި ޑިމޮކްރަސީ ކުރިޔަށްނެރެ އިސްކުރުމަށް ވިދާލުވެ ދެއްވީމައެވެ. އެރޭވެސް ނިދަން ގޮދަޑިއަށް އަރާއޮވެ އޮވެވެސް ނިދޭގޮތެއް ނުވެއުޅެނިކޮށް ފަތިސް ނަމާދު ކުރަންޖެހުނީއެވެ. ﷲއަށް މިކަމާ ޝުކުރު ދެންނެވީމެވެ. އާދެ! މިރެއަކީ ވަރަށް އަވަސް އަރުވާލާފައި ބަޔާންތަށް ދިމާވެސީދާ ވާގޮތަށް އެއްގޮތް ކޮށްލުމާއި ބަންޑާރަ ނައިބުގެ އޮފީހުން ވަޑައިގެން ތިއްބެވި ނާޝިދާއި ރޭނިސްސަލީމު ބޭނުން ވެލައްވާ ގޮތަށް ބައެއް ތަންތަންކޮޅު ބަޔާނަށް ތަކަށް ވެއްދުމުގެ ބޭނުމުގައި ތަހުގީގުތަކެއް ހިންގިރެއެކެވެ. ވަރަށްގިނަމީހުން ނެރުނުރެއެވެ. މިއީ މިބުރުގައި 55 ވަނަ ދުވަސްވި ބުދަދުވަހުގެ ރެއެވެ. ބުރާސްފަތި ވިލޭރެއެވެ. ވަރަށް ގިނަމީހުންނާ މިރޭބައްދަލު ވިއެވެ. ބަނޑޭރިގޭ ތެރެއިން ފެނިފައި ވަކިވިގޮތަށް، އޭގެފަހުން މިރެއަކީ، ފުރަތަމަ ފަހަރަށް ގާސިމާ ބައްދަލުވި ރެއެވެ. ހުންނެވީ މުޅިމީހާ ދުޅަވެފައެވެ. އޭނާ ފެނިފައި ފުރަތަމަ ނުވެސް އެނގުނެވެ. އެނގުނީ ފަރަށް ކައިރިވީ ފަހުންނެވެ. އެނގުމާއެކު އަހަކިހިނެއްތޯއޭ ކިޔާފައި އަޅުގަނޑު ގާސިމުގައިގާ ބައްދައިގަނެ ސަލާންކުރީމެވެ. ހުންނެވީ ގަމީހަކާއި މުންޑެއް ތުރުކުރައްވައި ގެންނެވެ. ކަރުގައި ދަތްދޮޅިމައްޗަށް ހިފޭއްޓޭގޮތަށް ފާޑެއްގެ ބަންދެއް އަޅުވާފައި ހުއްޓެވެ. އަޅުގަނޑު ބައްދާސަލާންކޮށް ވާހަކަތައް އަހަންފެށީމާ ގާސިމަށް ވަރަށް އަސަރުކޮށް ރޮވިއްޖެއެވެ. އަޅުގަނޑަށް ވެސް ވަރަށް އަސަރުކުރިއެވެ. އެއޮއްރީތި މީހާއަށް ވެފައިހުރި ގޮތުންނެވެ. އެވަގުތު ހިތަށްއެރިއެވެ. ރީތިކޮށްހުރި މީހަކު ރައީސް މައުމޫނު މިހަލާކު ކޮއްލީތާއެވެ. ގާސިމަށް އަސަރު ކުރިލެއް ބޮޑުކަމުން އަވަހަށް ބޭރުގައި ގިނައިރު ނުބައިތިއްބާ ތަހުގީގުކުރުމަށް ހަދާފައިހުރިތަނުން ދެބަޔަށް ދެމީހުން ވައްދައިފިއެވެ. މިރޭ މިއުޅުނުގޮތުން ހީވީމާދަމާ ދޫކޮށްލަން އުޅެނީހެންނެވެ. ބަޔާނުން ރަނގަޅު ކޮއްލިބައި އަލުންލިޔެގެން ހަތަރުކޮޕީގައި އަނެއްކާ ހަމައެރޭ ދަންވަރު ނެރެގެން ސޮއިކުރުވިއެވެ.
12 އޮކްޓޯބަރ 2004 ވި އަންގާރަ ދުވަހަށް ކުޑަގޮޅީގައި އޮންނަތާ، 61 ދުވަސްވީއެވެ. މިދުވަހު ބަލާއައީ، އެމްނެސްޓީ އިންޓަރނޭޝަނަލްގެ މިރީޖަނަށް، ކަނޑައަޅުއްވާފައި ހުންނަބޮޑު މީހާ، އައްބާސް އާއި އަންހެން ބޭފުޅަކާ، މިދެބޭފުޅުންނާ ބައްދަކުރުމަށް އޮނދޯލިގެއަށް ގެންދާށެވެ. މިއީ ވަރަށް އެކަހެރިކޮށް، ވަރަށް މިނިވަން ކޮށް، ސިފައިންގެ ބޭކަލަކާ ނުލާ ހިނގާދިޔަ ބައްދަލު ވުމެކެވެ. ތިބީ އަޅުގަނޑުމެން ތިންމީހުން އެކަންޏެވެ. އުނދޯލިގޭގައި ހުންނަސޯފާ ސެޓްގައެވެ. މިބައްދަލު ވުމުގައި ވަރަށް މިނިވަން ކަމާއެކު، ވާހަކަތައް ކުރިޔަށް ގެންދެވުނެވެ. ތަކުރާރުކޮށް ދެކެވެމުންދާ ހުރިހާ ވާހަކަތަކެއް ތަފްސީލުކޮށް ކިޔައިދިނީމެވެ. އަންހެން ބޭފުޅާ ނިއުސް މަޖައްލާފަދަ ތަކެތި ލިބޭތޯސުވާލު ކުރައްވައިފިއެވެ. އަޅުގަނޑު ދެންނެވީ، ނޫސް، މަޖައްލާ، ގަލަން، ފަންސޫރު، ވާހަކަފޮތް، ރޭޑިޔޯ، ފަދައެއްވެސް އެއްޗެއް އަދިވެސް ނުލިބޭކަމަށެވެ. ކަސްރަތު ކުރާނެ ޖާގަ ގޮޅީގައި ނޯންނަކަމަށް އެބޭފުޅުންނަށް ދެންނެވީމެވެ. 1990 ވަނަ އަހަރު އެމްނެސްޓިން ނެރުއްވި ރިޕޯޓެއްގައި އަޅުގަނޑުގެ ވާހަކަތައް އޮންނާނެ ވާހަކަ ހަދާންކޮށްދިނީމެވެ. އޭރު އެމްނެސްޓީއަށް އަޅުގަނޑުމެން ޚަބަރުތައް ޖަލުންފޮނުވާހެދީ ވަރަށް ސިއްރުންނެވެ. އާދެ! އެއީ އެމްނެސްޓިން ރާއްޖެއާގުޅިގެން ފުރަތަމަ ނެރުނު ރިޕޯޓެވެ. އެރިޕޯޓުގައި އެފަހަރުކުރި އަނިޔާތަކުގެ ވާހަކަތައް ހުންނާނެއެވެ. ވަރަށް ތަފްސީލުކޮށް ހުރިހާ ވާހަކަތަކެއް ނޯޓްކުރެއްވިއެވެ. އާދެ! ރާއްޖެއަށް ބޮޑު ޑިމޮކްރަސީއެއް ގެނައުމަށް ގަދައަޅާ މަސައްކަތްކޮށް އުޅޭތީ، މިއީ އަޅުގަނޑު ޖަލުގައި ބަންދުކުރެވުނު ފަސްވަނަ ފަހަރެވެ. މިރެކޯޑްސް އެމްނެސްޓީގައި ފެންނަން ހުންނާނެއެވެ. މިހާރުވެސް ތަހުގީގު، ރޭގަނޑުކުރާ ކަމަށާއި ޕްލާސްޓިކް ގޮނޑިއެއްގައި ވަރަށް ގިނައިރު ހޭދަކުރަން ޖެހޭވާހަކަ ވެސް މިބޭފުޅުންނަށް ދެންނެވީމެވެ. އާދެ! ބުނަންބޭނުންވާ ޚާއްސަވާހަކައެއް އެބައޮތްތޯ އައްބާސް އިތުރަށް ސުވާލުކުރެއް ވުމުން، އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ މިމެސެޖް ކޮންމެހެންވެސް ކޮޅުބުގައި ހުންނަވާ އެމެރިކާ ސަފީރަށް ރައްދުކޮށް ދެއްވުން ވަރަށް ބޮޑަށް އެދެމްވެ. އައްބާސް އަޅުގަނޑުމެންނާ ބައްދަލުކުރައްވަން، މިޖަލަށް ވަޑައިގަންނަވާނެ ވާހަކަ އަޅުގަނޑު ގާތުގައި ވިދާޅުވެދެއްވީ އެމެރިކާ ސަފީރެވެ. އާދެ! ސަފީރު ވިދާޅުވި ގޮތަށް 12 ވަނަ ދުވަހުފެށުނު ޚާއްސަ މަޖިލީހުގެ ޖަލްސާތަކަށް، ޖަލުގައިތިއްބެވި ހުރިހާ މެންބަރުންނެއް ނުގެންދިޔައެވެ. އާދެ މިވަގުތަކީ، ޖަލްސާފެށިގެން ކުރިޔަށް ދާނެވަގުތެވެ. އަދިވެސް އަޅުގަނޑު މިހުރީ ކުޑަގޮޅީގައެވެ. ޖަލުގައި އައްބާސް މެންނާ ބައްދަލުކުރާށެވެ. ވާހަކަދައްކާށެވެ. ސަފީރު އަރިހުގައި މިރެޖީމުން ވައުދު ވެފައި އޮތްގޮތަށް، 12 ވަނަ ދުވަހުގެ ޖަލްސާއަށް ޖަލުން ނެރެގެން ގެންގޮސް އެޖަލްސާއަށް ދެވޭގޮތަށް ދޫކޮށްލީ އެންމެ ހަތަރު މެންބަރުންނެވެ. އެގޮތަށް މިނިވަންކުރި މެންބަރުންނަކީ، މިއެވެ. ބ.އަތޮޅު މެންބަރ އަލީފާއިޒު މާލެ ގެންދެވީ، ރޭދަންވަރުއެވެ. އަޅުގަނޑު އޮތީއޭރު ހޭލައެވެ. ފާއިޒު އޮންނެވީ އަޅުގަނޑާ ޖެހިގެން ހުރިގޮޅީގައެވެ. އައްބާސެވެ! ސަފީރަށް ދަންނަވައި ދެއްވާށެވެ! ސަފީރުވިދާޅުވި ގޮތަށް ކަންތައްތައް ނުދިއުމުން ހިތާމަކޮށް ދެރަވެއެވެ. އައްބާހާއި އަންހެން ބޭފުޅާ މިވާހަކަތައް ނޯޓުކުރެއް ވިއެވެ. ސަރުކާރުން، މައުމޫނު ރެޖީމުން ސަފީރު އަރިހުގައިވެސް ދޮގުހަދާކަން ހާމަވާކަމުގައި ދެންނެވީމެވެ. ތިޔަބޭފުޅުން މާލެވަޑައިގަތީމާ އެދޭހާކަމެއް ކޮށްދޭނެއެވެ. ހަމަފުރާއިރަށް ކަންތައް ކުރައްވާނީ، ހަމައޭނާއަށް ފެނިލައްވާ ގޮތަކަށެވެ. މައުމޫނުގެ މިރެޖީމަކީ، ވަރަށް ދެއްކުންތެރި ނުލަފާބައެކޭ ވެސް ދެންނެވީމެވެ. މިއަދުގެ ބައްދަވުން ދިޔަލެއް މިނިވަންކަމުން އަޅުގަނޑު ހުރީ އަޖައިބުވެފައެވެ. އޮތީވަރަށް ލުއިކޮށެވެ. އިތުރު ސިފައިނެއް ވެސް ނެތެވެ.
އާދެ! 9 ނޮވެންބަރ 2004 ވި އަންގާރަ ދުވަހަށް ކުޑަގޮޅީގައި އޮންނަތާ، 89 ދުވަސްވީއެވެ. މިދުވަހު އަނެއްކާވެސް ބައްދަލުކުރީ، މޯލްޑިވްސް ހިޔުމަން ރައިޓްސް ކޮމިޝަނުން، އަލްއަޚް މަޑުލުވަހީދާއި އަލްއަޚް ނަންރީތި ސަލީމާއި އަލްއުޚްތު ނާޒް އާ މިތިން ބޭފުޅުންނެވެ. ބައަދަލުވުން އޮތީ، އުނދޯލި ގޭގައެވެ. ދެކެވެން ހުރީ، ހަމައެއް ވާހަކައެއް ވާހަކަތަކެކެވެ. އިތުރަށް ދެކެވުނު ވާހަކައަކީ، 18 އޮކްޓޯބަރުން ފެށިގެން، ނޫސްމަޖައްލަ ލިބެންފަށައިފި ކަމައި، ތިޔަބޭފުޅުންގެ މަސައްކަތަށް މިހާރު ޝުކުރު ދެންނެވުން ހައްގު ވެއްޖެއެވެ. ނެރުއްވަމުން ތިޔަގެންދަވާ ނޫސްބަޔާން ތަކަށް ނަޒަރުކޮށްބަލާއި ވިސްނާލުމުން، އަނެއްކާ ތިޔަކޮމިޝަނުގެ ރައީސް މުޖްތަބާއަށް ރައީސެއްގެ ގޮތުގައި ހުންނެވޭނެ ބާވައޭ ހިތަށް އަރައެވެ. އެންމެފަހުން ލިބުނު ނޫސްތައް ލިބިފައިވަނީ، މިދިޔަމަހުގެ 30 ވަނަދުވަހުގެ ނޫސް މިމަހުގެ 6 ވަނަދުވަހުގައެވެ. ނޫސްލިބެނީ، މިކަހަލަ ގޮތަކަށް، ވަރަށް ލަސްކޮށްފައެވެ. މަޖައްލާތައް ލިބޭފަހަރަކު، އެހަފްތާއެއްގެ މަޖައްލާ ލިބެއެވެ. އެހެނަސް އަދިވެސް މިތިބެނީ، ކުޑަގޮޅީގައިކަމާއި މައްސަލަކޯޓަށް ފޮނުއްވައިފިކަން ރަސްމީކޮށް، 1 ނޮވެންބަރ ގައި އިޢުލާނު ކުރެއްވީމާ ވެސް ގޮޅީގައި ބަހައްޓާފައި މިހުންނަނީ، ބޮޑެތިއަނިޔާ ލިބޭގޮތަށެވެ. މުޅިނަފްސަށާއި ހަށިގަނޑަށް އަނިޔާވާ ގޮތަށެވެ. ގާނޫނު އަސާސީގެ 144 ވަނަމާއްދާގެ ދަށުން ހިންގެވި ކުއްލިއަމުރުގެ ގަރާރުނެންގެވިތާ، 21 ދުވަސް ހަމަވާތީ، 30 އޮކްޓޯބަރުގައި ޖިނާއީކޯޓަށް ދަންވަރު ގެންގޮސް، ޤާޟީ އާދަމްސަޢީދު 30 ދުވަސް އިތުރުކޮށް ދެއްވީ، ދެން ސުވާލެއްކުރަން ބޭނުންވިޔަސް ގޭގައި ބަހައްޓައިގެން ތަހުގީގު ކުރެވޭގޮތަށް، ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށެވެ. އެހެނަސް ޤާޟީ ލައްވާ ތަމްސީލު ކުޅުވާފައި، އަޅުގަނޑު އަދިވެސް މިހުރީ، ކުޑަގޮޅީގައި ބަހައްޓާފައެވެ. މިއީ ސާފު އަނިޔާއެވެ. ޤާޟީގެ އަމުރާ ދެކޮޅަށް ހިންގާ ޖަރީމާއެކެވެ. ބޮޑުކުށެކެވެ. މިއީޒާތީ އަނިޔާވެރިކަން ކަމުގައި އެބޭފުޅުންނަށް ދެންނެވީމެވެ. އެކިމީހުން ނަށްހަދަނީ އެކިގޮތެވެ. ތ.މެންބަރ ހަސަން އަފީފު މިތަނަށް ނުވެސް ގެނެއެވެ. މިހާރުވީ އެއްބަޔަކު، މިނިވަންކޮށް ދޫކޮށްލާފައެވެ. އަނެއްބަޔަކު ވަނީ، ގޭގެބަންދަށް ބަދަލުކޮށްފައެވެ. އަޅުގަނޑުދެކެ މިރެޖީމުން، މިގަންނަނީ ކޮންފަދަ ބިރެއްބާވައޭ، އަޅުގަނޑު ހިތަށް އަރައޭ ސާފުބަހުން ދެންނެވީމެވެ. ކޯޓުގައި މިހާރު މައްސަލައޮތް، މީހަކު މިހާގިނަދުވަހު، މިތާ ކުޑަގޮޅީގައި ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށް ދެންނެވީމެވެ. ވީމާމިކަންތައް ގަވާއިދުން ތިޔަކޮމިޝަނުން ކުރިޔަށް ގެންގޮސްދޭށެވެ. ކުރިންވާނީ މިފަހަރު އަނިޔާކުރި މައްސަލައާއި ސަރުކާރުން އެއްވެސް އިންޒާރެއްނުދީ، ކަނޑާލިކަނޑާލުމާ، މިދެކަންތައް ތިޔަ ކޮމިޝަނަށް ހުށަހަޅާފައެވެ. މިދެކަންތައް ވެސް ވީހާއަވަހަށް ބައްލަވައި ދެއްވުމަށް އެދުނީމެވެ. ކުރިން މުޖްތަބާ އަރިހުގައި އަނިޔާކުރި ވާހަކައާއި ޖަލުގައި ބަހައްޓައިގެން ނޯޓިސް ދެއްވައި ވަޒީފާއިން ވަކިކުރެއްވި ކަންތައްވާނީ، އެބޭފުޅާ އަރިހުގައި ކުރިޔަށް ގެންގޮސްދިނުމަށް ވެސް އެދިފައެވެ. އަދި ރައްޔިތުން މަޖިލީހުގެ އިންތިޚާބް 2004 ގައި މާލެ ދާއިރާއިން ކުރިމަތިލުމަށް އިލެކްޝަންސަށް ވަނީ، ފޯމްސެޓް ފުރާފައި ލާފައެވެ. މިސެޓުގައި ސޮއިކޮށް ހަދާފައި ގެއަށް ރައްދުކޮށްދިނުމަށް އެދިވާނީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް، ފޮނުވާފައެވެ. އެހެނަސް އަދިވެސް ގެއަށް، އެފޯމްސެޓް ނުލިބެއެވެ. މުއްދަތު ހަމަވުމުގެ ކުރިން އެލިޔުންތައް އިލެކްޝަންސަށް ވައްޓާލެވޭނީ، އެތަކެތި ވީހާއަވަހަށް ގެއާ ހަވާލުކޮށް ދެއްވުމުންނެވެ. އެކަންތައް މާލެވަޑައިގެން ވީހާއަވަހަށް ބައްލަވައި ދެއްވުން އެދެމެވެ. ޖަލުގައި ތިބެގެން މިފަހަރު ކުރިމަތިލީ ފުރަހަނި ޝުއައިބާއި އަޅުގަނޑާ ދެމީހުން އެކަންޏެވެ. އަދި ފަހުން މިބޭފުޅުން ޖަލުތެރެއަށް ވަޑައިގަނެ، ގޮޅިތަކުގެ ކުރިމަތިން ހިންގަވާ ހެއްދެވިއެވެ. ހުރިހާ ގޮޅިއެއްގެ ކުރިމަތިން ބުރެއް ޖެއްސެވިއެވެ. އަޅުގަނޑުގެ ގޮޅިއާ އަރާހަމަވުމުން މަޑުލުވަހީދަށާއި ސަލީމަށާއި ނާޒަށް ގޮވާލުމަށް ފަހު ދެންނެވީމެވެ. މާދަމާ ޓީވީއަށް އަރުއްވާފައި އަބްދުﷲ ކަމާލުއްދީން ދެއްކެވިކަހަލަ ހަގީގަތާ ޚިލާފު ވާހަކަތައް، އަޅުގަނޑުމެނާ ގުޅޭގޮތުން ނުދެއްކެވުމަށް ބާރަށް، ހަރުއަޑުން ދެންނެވީމެވެ. އެވެރިން ވަރަށް ސަމާސާ ބަސްތައް އިއްވާފައި ކުރިޔަށް ވަޑައިގެން ފިއެވެ. މިއަދަކީވެސް އުފާވެރިކަން ފެނިގެން ދިޔަ، ވަރަށް ހިތްހަމަޖެހުނު ދުވަހެކެވެ. ތިއްބެވީ އެބޭފުޅުން އެކަންޏެވެ. ސިފައިންނެއް ނެތެވެ. މިފަދަ އަމަލުތަކުން މިހާރުކުރިންހުރި ބާރުކެނޑި އެއްވެސް ފޯރިއެއް ނެތްކަން އެނގެއެވެ. އޮންންނީ، މާބޮޑަށް މިނިވަންކޮށް ދޫކޮށްލާފައެވެ. ބޭނުން ވާހަކައެއް ދެކެވެއެވެ.
އާދެ! ކުޑަގޮޅީގައި މިވީ، 89 ދުވަހުގެ ތެރޭގައި ތަހުގީގުކުރުމަށް ގޮޅިން ނެރުނުވަރަށް ވުރެ، ގިނައިން ބޭރުގެ އިއްޒަތްތެރީންނާއި ރާއްޖޭގެ ފެންވަރުން ބޮޑެތި ބޭފުޅުން ވަޑައިގެން އަޅުގަޑުމެންނާ ޖަލުތެރޭގައި ބައްދަލު ކުރެއްވިއެވެ. މަތީފެންވަރުގެ އެކިއެކިވަފުދުތަކާ ބައްދަލުވިއެވެ. މިއީ ވަރަށް ހިތްހަމަޖެހި ހިތްވަރު ލިބިގެން ދިޔަ ކަމެކެވެ. ހިތްވަރު އާލާވެގެން ދިޔަކަމެކެވެ. އިސްލާހާއި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ދެމެހެއްޓުމަށް، މަސައްކަތްކުރާ މީހުންނަށް ހިތްވަރުދޭނެ ބަޔަކު ތިބިކަން ހާމަވެގެން ދިޔަފަހަރެކެވެ. މިއީ މިކަމުގެ ވަރުގަދަ ހެއްކެކެވެ. އަލިގަދަ ދަލީލެކެވެ. އާދެ! އެއެންމެހާ ފަރާތްތަކަށް ފަށްފަށުން ހިތުގެ އަޑިން ޝުކުރުވެރި ވަމެވެ. މަޑުލު ވަހީދާއި ސަލީމުމެން ވަޑައިގެންނެވިތާ މާގިނައިރުތަކެއް ނުވަނީސް ހުރިހާ ސާމަނަކާއެކު މާލެ ގެންދިއުމަށް ބާލާއައުމުން ނުކުތީ ބަރާބަރު 89 ދުވަސް ކުޑަގޮޅީގައި ހޭދަކޮށްފައެވެ. ދޫނިދޫ ކުޑަގޮޅިއަށް އަލްވަދާ ކިޔާފައި ޖެހުނީ ނުކުންނާށެވެ.
ސ : ބޫކު ހަޅުތާލެއް ކުޑަގޮޅީގައި ކުރިޚަބަރު ލިބުނެވެ. އެއީ ކިހާވަރެއްގެ ތެދެއްތޯއެވެ؟
ޖ : އާދެ! އެވަގުތު ޖަލުގައި ތިބިމީހުން، 4 ނޮވެންބަރ 2004 ވި ބުރާސްފަތި ދުވަހު، ރޯދަވީއްލުމަށް ގެނައި ކާއެއްޗެހި އެއްގޮތަކަށް ވެސް ނުނަގާ ހަންގަރ ސްޓްރައިކަކަށް އަޅުގަނޑުމެން ގިނަމީހުން ދިޔައީއެވެ. މިދުވަހުގެ މަޣްރިބްނަމާދާ ހަމައިން ބޫކްހަޅުތާލު ފެށުނީއެވެ. މިއީ އަޅުގަނޑުމެން ރާވާއިގެން ހިންގިކަމެކެވެ. މިޖަމާއަތުގައި ބައިވެރިވެ އަހުދުހިފީ އަޅުގަނޑުމެންގެ ތެރެއިން، 18 މީހުންނެވެ. ނަގާ ކިޔަންތިބީ، އަޅުގަނޑާއި ފުރަހަނި ޝުޢައިބެވެ. ޝުޢައިބަކީ، ޖަލުގައި ގަދައަޑުން ކޮންނަމާދަކަށް ބަންގިގޮވާ ބޭފުޅާއެވެ. އަޅުގަނޑުމެން ދެމީހުން މިދުވަސް ކޮޅުގައި ތިބީ ޖެހިޖެހިގެން ކާރިކާރީގައިހުރި ދެގޮޅީގައެވެ. މިދުވަހު އަސުރުނަމާދުގެ ބަންގީގަޔާއި ރޯދަވީއްލުމަށް ދިން މަޣްރިބްނަމާދުގެ ބަންގީއަށް ފަހު، މިކަންތައް ރަސްމީކޮށް އިއުލާނުކުރީ ޝުޢައިބުގެ ހަރުއަޑުންނެވެ. ފަތިސް ނަމާދުގެ ބަންގިދިނުމަށް ގިނަރޭރޭ ޝުޢައިބަށް ގޮވަނީ އަޅުގަނޑެވެ. މިއަށާރަ މީހުންގެ ތެރެއިން އެކިމީސްމީހުން، ޑިމާންޑްކުރީ އެކިކަންތަކެވެ. އެންމެންގެ އެދުންތައް ވެސް ފުރިހަމަ ވެގެންދިޔައީ، 6 (ހައެއް) ދުވަހު ނުކައި ތިބެގެންނެވެ. ރޯދަވީއްލަނީ ފެންތައްޓަކާއި އެއްކަދުރުންނެވެ. އަދި ހާރުކަނީ، ވެސް އެއްކަދުރުންނެވެ. އަނބިދަރީންނާއި ތިމާގެ މީހުން ހަވަނައަށް ވީދުވަހުގެރޭ ދަންވަރު ހާރުކާގަޑީގައި ސިފައިންގެ ލޯންޗެއްގައި ދޫނިދޫއަށް ގެނެސް ކެއުމަށް ބާރުއަޅާއި ގެނައިމީހުންލައްވާ ވާހަކަ ދެއްކުވީއެވެ. މިކަން ހިންގީ ވަރަށް ރާވައިގެންނެވެ. ސިފައިން އެކިއުކުޅުތައް ބޭނުންކޮށް ގެންނެވެ. ވަރަށް ރުއްސައި ގެންނެވެ. އެރޭ އެވަގުތުން ފެށިގެން 5 މީހުންކާނެ ފެށިއެވެ. ދެން އަނެއްދުވަހު ރޯދަވީއްލުމުން ފެށިގެން އެންމެން ކުރިޔެކޭ އެއްގޮތަށް ކާންފެށީއެވެ. މިހިސާބުން މިބޫކުހަޅުތާލު، ނިމުނީއެވެ. އާދެ! މިކަން ވެގެންދިޔައީ ވަރަށް ކާމިޔާބު ކަމަކަށެވެ. އެތެރޭންނާއި ރާއްޖޭން ބޭރުން މިކަމަށް ތަރުހީބި ލިބި، މުޅި އިސްލާހީ ހަރަކާތަށް ކުރިއެރުން ލިބި، ބޮޑު ކާމިޔާބަކަށް ވެގެންދިޔައެވެ. ބޭރުދުނިޔޭގެ ނޫސްތަކުގެ ފަލަސުރުޚީއަށް މިވާހަކަތައް އެރިއެވެ. ގޮޅިތަކުގައި ކާބޯތަކެތި ފޮރުވައިގެން ދުވާލާރޭގަނޑު ކައިބޮއިހެދި ވާހަކަ އެއީ މުޅިންދޮގެވެ. އޮޅުވާލަން ވެގެން ސިފައިން ނެރުނު އަޑެކެވެ. އެންމެންވެސް ތިބީ ރޯދައަށެވެ. ބޫކުހަޅުތާލު ފެށުމުގެ ދެތިން ދުވަސް ކުރިން ރާވައިގެން، ކަދުރާއިބޯފެން އިތުރަށް ނަގާ އެއްކުރީމެވެ. މިނޫން އެއްވެސް ކާއެއްޗެއް ގޮޅިތެރޭގައި އެކަކުވެސް ނުގެންގުޅެއެވެ.
ސ : ބޭރުގައި ތިއްބެވި ބޭފުޅުން ކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަހެން ހީފުޅުވެލައްވާ ތޯއެވެ؟
ޖ : އީޔޫ އާއި ޔޫއެސްއޭ އާއި ކޮމަންވެލްތާއި އެމްޑީޕީގެ ފަރާތުން، ކަޅުހުކުރުގައި ބަންދުކުރި މީހުންނަށް އަޅާލުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އައްސަރިބަހާއި ސާބަސް، ހިތުގެ އެންމެއަޑިން އަޅުގަނޑުމެން ދަންނަވަމުއެވެ. އެބޭފުޅުން އެވަރަށް ނޫޅުއްވިނަމަ، މިރެޖީމުން ކަންތައް ކުރެއްވީހީ، 1990 ވަނައަހަރު ބަންދުކުރިއިރު އަޅުގަނޑު މެންނާ ދޭތެރޭގައި ކަންތައް ކުރެއްވި ގޮތަށެވެ. ޖަލުގައި ކުޑަގޮޅީގައި ބައިތިއްބައިގެން، ނުރަސްމީ ވަގުތުތަކުގައި ޝަރުޢީކޯޓްތައް ހުޅުވައިގެން އިއްވެން އޮތްހާ އެންމެބޮޑެތި ހުކުމްތައް، ޖަލަށް އިއްވާފައި ބޭތިއްބީހީ، ކުޑަގޮޅީގައި ޖަލުގައެވެ. އެހެނަސް އެހެނެއް ނުހެދުނެވެ. މިހާރު މިތިބީ ގެއާހަމައަށް އާދެވިފައެވެ. ދެން ޖެހޭނީ ދޫކޮށްލާށެވެ. މިފަހަރު މިދަނީ ގާނޫނާއި ގަވާއިދާ ތަންކޮޅެއް ކާރިންކަމަށް ބެލެވެއެވެ ކުޑަކޮށްވެސް ޝައްކެއްނެތެވެ. އެއީ ބޭރުގެ ޕްރެޝަރުންކަން ކަށަވާރެވެ. ކުރީފަހަރު ގާނޫނަކަށް ގަވާއިދަކަށް އެއްގޮތަކަށް ވެސް ނުބައްލަވައެވެ. ހެއްދެވީ ހެއްދެވި އެއްޗެކެވެ. އެހެނަސް އަދި ވެސް އެހައްދަވަނީ ހަމަ ހިތަށް އަރުއްވާހާ ގޮތެކެވެ. ކަންތައްތައް ދިގު ދެންމުމުގެ ބޭނުމަކީ، އަމިއްލަގޮތްތައް އީޖާދުކޮށް ނެރުމެވެ. އަމިއްލަގޮތްތައް ހަދާލުމެވެ. އަދިވެސް 7 މެނަބަރުންނަށް ގަނޫނު އަސާސީން ލިބިދޭ މިނިވަންކަމުން ވަނީ، މަހުރޫމްކޮށް ފައެވެ. ކޮށްގެންތިބި ހުވަޔަށް ވަނީ، ހުރަސް އަޅާފައެވެ. މަޖިލީހުގެ ޖަލްސާތަކަށް ނުދެވޭ ގޮތަށް އަދިވެސްތިބީ ބަންދުކޮށްފައެވެ. މިކަމުގެ ޒިންމާ އުފުލާނެ މީހަކުނެތެވެ. މިއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ، ރަންޑި އަންހެނެއް ބާޒާރަށްނެރެ ވިއްކާލުން ކަހަލަ ގޮތަކަށް ވިއްކާލާއި ރަންޑިކޮށްލުމަށް ކުރާކަމެކެވެ. ގާނޫނުއަސާސީގެ ގަދަރާއި ބާރުކަނޑުވާލަން ކުރާކަމެކެވެ. ގާނޫނު އަސާސީއަށް ހަދަނީ، ހަދާނެގޮތެކެވެ. ގާނޫނު އަސާސީގެ ހުރުމަތްވަނީ، ކަނޑާލާ ފައެވެ. ގާނޫނުއަސާސީގެ ސިޔާދަތާއި އިއްޒަތެއް ނެތެވެ. ތިޔަފަރާތް ތަކަށް ހަމަސާބަސް ދެމެވެ. ތިޔަކުރައްވާ މަތިވެރި އަގުހުރި، މަސައްކަތްތައް ބޭކާރުވެގެން ނުދާނެކަމުގެ ޔަގީންކަން އަރުވަމެވެ. ބޭރުދުނިޔެއަށް ތިޔަކުރައްވާ މަސައްކަތް ވީހާތަފްސީލުކޮށް އަންގަވަން ޖެހޭނެއެވެ. ރައީސް މައުމޫނާ ހަމައިން ހުއްޓީފައި ހުރެގެން ނުވާނެއެވެ. މިރެޖީމުގެ ފަސާދަވެފައިވާ ސަރުކާރުން ތިޔަ އަގުހުރި މުގައްދަސް މަސައްކަތަށް ހުރަސް އެޅިޔަދީގެން ނުވާނެއެވެ. އިތުރަށްބާރަށް ކުރިޔަށް ގެންދަވާށެވެ. ކަޅުހުކުރުގެ އެންމެމީހަކަށް ވެސް، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޚާއްސަ މަޖިލީހުގެ މެންބަރުންގެ ތެރެއިން ބޭފުޅަކަށް، ޝަރުޢީހުކުމެއް އިއްވިޔަދީގެނެއް ނުވާނެއެވެ. މިއަދު ލުޅިދުނިޔެއަށް ދިއްލިފާޅުވެގެންވާ އަލިތަކެއްހެން ފެންނަންތިބީ އެބޭފުޅުންނެވެ. އެއީ ރާއްޖޭން ބޭރުގައި ތިއްބެވި ބޭފުޅުންނެވެ. އާދެ! މުޅިދުނިޔެއަށް އެއަލިކަން، ހުރިހާ ދިމާއަކުން ވެސް ފަނޑުވިޔަ ދީގެންނުވާނެއެވެ. އަބަދުވެސް ރާއްޖޭގެ ވޮށްތަކެއްހެން، މުޅިދުނިޔެއަށް އަލިވާގޮތަށް ދުނިޔޭގެ އެކިތަންކޮޅުތަކުން، އަލިކަމާއެކު ރޯޝަންވެފައި، ފެންނަން ހުންނަންވާނެއެވެ. ބޭރުގައުމު ތަކުގައި އިތުރު މުޒާހަރާތައް ފާޅުގައި ހިންގާނެއެވެ. ލަންޑަނާއި ވޮޝިންޓަނުގައެވެ. ދުވަހުންދުވަހަށް އެކަންދާނީ އިތުރުވަމުންނެވެ. އެކަން ކުރާނެ ދިވެހި ޒުވާނުން ދުނިޔޭގެ އެތަންމިތާގައި މިހާރު ރުކުވާލެވިފައި އެބަތިއްބެވެ. އެއީ ރާއްޖެއަށް އަލިކުރާނެ ވޮށްތަކެއްކަން ކަށަވަރެވެ. އެބޭފުޅުންނާ ހަމައަށް މިފަދަ އިހްސާސްތައް ފޯރުކޮށްދޭން ޖެހޭނެއެވެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިސްލާހީ ހަރަކާތްދާނީ، ކުރިޔަށެވެ. ހުއްޓުމެން ނާންނާނެއެވެ. ރާއްޖޭން ބޭރުގައި ތިއްބެވި ހީވާގި ލީޑަރުންގެ މަސައްކަތް އަޅުގަނޑުމެން ޖަލުގައި ތިބެގެން އަބަދުވެސް މިގެންދަނީ، ތާޒާކޮށް ހަދާންކުރަމުންނެވެ. މައިދާނުގައި ޖިހާދުކުރަން ތިބި މުޖާހިދުންނަކީ، އަޅުގަނޑު މެންނެވެ. އަޅުގަނޑުމެން މިގެންދަނީ، އެބޭފުޅުންގެބުރަ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ﷲއަށް، ދުޢާކުރަމުންނެވެ. ކޮންމެރެއަކާ ދުވާލަކު، ފަސްފަހަރު އެވެރިންނަށް ހެޔޮދުޢާ، ދޫނިދޫ ޖަލުންދާނެކަން ކަށަވަރެވެ. ޑޮކްޓަރ މުހަންމަދުވަހީދު ހަސަން މަނިކަށާއި ކެނެރީގޭ މުހަންމަދު ނަޝީދު އަންނިއަށާއި ސަންދާނު އިބްރާހީމް ލުތުފީއާއި ޑީއޯ ކުޑަސައްޕެއާއި ގޯގޯލަތީފަށް، އަދި ރާއްޖޭން ބޭރުގައި ތިއްބެވި ރާއްޖޭގައި ހިނަގަމުންދާ އިސްލާހީ ހަރަކާތުގެ ހުރިހާ ބައިވެރިންނަށް ހިތުގެ އެންމެއަޑިން، އަޅުގަނޑު ޝުކުރު ދަންނަވަމެވެ. އިންޓަރނެޓް މެދުވެރިކޮށް އަޅުގަނޑުގެ މިއަޑުތައް ރައްދުވާނެކަން ކަށަވަރެވެ. ﷲ އެބޭފުޅުންގެ މަސައްކަތާއި މައިދާނުގައި ޖިހާދުކުރަމުން މިގެންދާ އަޅުގަނޑުމެންގެ ނިމުމެއްނެތް މިމަސައްކަތުގައި ބަރަކާތްލައްވާއި ރަހްމަތްލައްވާއި ކާމިޔާބު ކުރައްވާށިއެވެ. އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންގެ ތެރެއިން މިހަރަކާރަށް ތާއީދުކޮށް ނަސްރުދޭން މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންނަށް ކާމިޔާބު ދެއްވާށިއެވެ. އާމީން!
ސ : 1990 ވަނަ އަހަރުގެ އިސްލާހި ހަރަކާތެއްގެ ވާހަކަތައް ވިދާޅުވެއްޖައީމު، އެދުވަސްވަރު މަޝަހޫރުވެގެން ދިޔަ ބިންބިފޯހަކީ، ކޮބައިތޯއެވެ؟
ޖ :އާދެ! “ބިންބިފޯހަކީ” އޭރުގެ ޑިފެންސް މިނިސްޓަރ އެންދެރިމާގޭ އިލްޔާސް އިބްރާހީމާއި އެންދެރިމާގޭ އައްބާސް އިބްރާހީމް އިސްކޮށް ތިއްބަވައިގެން ގެންގުޅުއްވި ވަރަށްދަށު ދަރަޖައިގެ ތަޢުލީމެއް ޙިލްމެއްނެތް އަޚްލާގީ ގޮތުން ދަށުފެންވަރުގެ މަދުމީސްކޮޅެކެވެ. ކުޑަޖަމާއަތެކެވެ. ފައިސާއަށް މަސައްކަތްކުރާ ގްރޫޕެކެވެ. މިހާރުގެ ބަހުރުވައިންނަމަ، ކުޑަވަރެއްގެ ގޭންގެކެވެ. ހަރަކާތްތެރި ވަމުން ދިޔައީ ވަޙުޝީ ގޭންގެއްގެ ގޮތުގައެވެ. މިގޭންގުގައި ގިނައީ މީގެކުރިން، އެކިކުށްކުށުގައި ބެދިފައި ތިބި މީހުންނެވެ. އާދެ! މިދެންނެވި ސިޔާސީބޮޑުން، މިޖަމާއަތުގެ ބޭނުން ހިއްޕަވަނީ، ރަށުތެރޭގައި ހަމަނުޖެހުން ފެތުރުމަށާއި އެކިއެކި ނުލަފާ ކަންތައް މާލެތެރޭގައި ކުރުވުމަށެވެ. މީހުންގެ ހައްގުތައް ސުންނާފަތިކޮށް ލުމަށެވެ. އޭރު ސިފައިންގެ ތެރޭގައި އިސްކޮށް ހުންނެވި، ކާށިދޫ ހުސައިން އިބްރާހީމް ފުޅަކީ، ބިންބިފޯސް ހަރަކާތަށް ގެނުވާ ކޮމާންޑަރަވެ. ބިންބިފޯހާ މަސައްކަތް ހަވާލުކޮށްފައި އެކަންތައްތައް ހަރަކާތަށް ގެނެސް ތަންފީޒުކުރާ މަންޒަރު ބައްލަވަން އޭނާ ހުންނަވާނެއެވެ. މިހުސައިން ފުޅު، މިހާރު ނިޔާވެފައި ވާތީ، ﷲ އޭނާއަށް ރަހްމަތް ލައްވާށިއެވެ! އާމީން! ދެން ބިންބިފޯހުގައި އިސްކޮށް ތިއްބެވީ، “ވާދޫޑީޑީ” އަކާއި “ބައްޓޭ” އަކާއި “ބިންބިތައުފީގް” އަކާ މިފަދަބައެކެވެ. ކޮނޑޭތުއްތު މަނިކެއް ވެސް އޭގެ ތެރޭގައި ހަރަކާތް ތެރިވިއެވެ. ބިންބިފޯހުގެ މައިގަނޑު މަސައްކަތަކަށް ހަދާފައިއޮތީ، ޑޮކްޓަރ މުހަންމަދު ވަހީދު ހަސައން މަނިކަށް ނޮހޮރުއްޕާންކޮށް ރާއްޖެއިން ފަހާލުމެވެ. ނުވަތަ ޖަލައްވައްދާއި ތަޅުއެޅުވުމެވެ. އަދި ރާއްޖޭގެ ވެރިކަމަށް ރައީސް މައުމޫނަށް ފަހު، ޑޮކްޓަރ ވަހީދަށް ނާދެވޭގޮތަށް ހުރިހާދޮރެއް ބަންދުކުރުމެވެ. ޑޮކްޓަރ ވަހީދަކީ، 1980 ވަނަ އަހަރު ޚާއްސަ މަޖިލީހުގެ ތެރޭގައި ދިރިގެންދިޔަ އިސްލާހީ ހަރަކާތުގެ ބިންގަލެވެ. އަދި އޭނާއަކީ، ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުންނަވަނިކޮށް، މިރެޖީމުން އެންމެ ފުރަތަމަ ގެއަށް ފޮނުވާލެވުނު ސިޔާސީ ލީޑަރެވެ. ބިންބި ފޯހުގެ މަސައްކަތަކީ، ޑޮކްޓަރ ވަހީދުމެންނަށް އެކިގޮތްގޮތުން ބިރުދެއްކުމާއި ހެރާސްކޮށް މަރުގެ އިންޒާރުދީފައި ހުންނަލިޔުންތަށް ފޮނުވާ ހެދުމެވެ. ޚާއްސަކޮށް އެފްޕީއައިޑީ ގެ ބޮޑު ޚިޔާނާތުގެ މައްސަލަ ކުރިޔަށް ގެންދިޔަ ނުދިނުމެވެ. ބިންބި ފޯހުގެ ރޭވުންތަކުގެ ތެރެއިން އެންމެ އިސްކޮށް ހިންގިކަމަކީ، 1990 ވަނަ އަހަރުގެ ފަހުކޮޅާއި 1991 ވަނަ އަހަރުގެ ކުރީކޮޅުގައި މާލެތެރޭގައި ހިންގި، އަލިފާންޖެހުމުގެ ކަންތަކާއި ކާރުސައިކަލް ފަދަތަކެތި ޕާކްކޮށްފައި ހުއްޓާ އެތަކެއްޗަށް ގެއްލުންދޯ ހުޅުޖެހުމުގެ ނުބައިނުލަފާ ކުޅިގަނޑެވެ. މިއީ މާލެތެރޭގައި އަލިފާންޖެހުމެވެ. އާދެ! ދިވެހި ތާރީޚުގައި ސިޔާސީގޮތުން ހިންގި، “ބޮޑުހުޅުޖެހުން” ހިންގިގޮތަށް މިއީ “ކުޑަ ހުޅުޖެހުން” ކަމުގައި ބެލެވެއެވެ. އޭރު އެކަމުގެ އަޑީގައި ހުންނެވީ، އޭރުގެ ސިޔާސީ ބޮޑެކެވެ. މިހާރުގެ މިއަލިފާން ޖެހުމުގެ ފަހަތުގައި ފޮރުވިފައި ތިބީވެސް ސިޔާސީބޮޑުންނެވެ. މިދެހުޅުޖެހުން ހިނގާފައިވަނީ، ދާދިއެއްގޮތަކަށެވެ. އާދެ! ދިވެހިރާއްޖޭގެ ތާރީޚުދެކެފައިވާ ބޮޑު ހުޅުޖެހުމުގެ ރޭވުންގަޑާއި މިކަމާ އެއްވެސް ތަފާތެއް ނެތެވެ. މިހަރަކާތުގައި އަލިފާން ރޯކުރަން އުޅުނު ވިސާމާއި ނާސިރު، ޖަލުގައި ތިބެގެން ކިޔައިދީފައިވަނީ، އެމީހުންނާއި ބިންބިފޯހުގެ ލީޑަރުންނާ ބައްދަލުކޮށް ކަންތައްތައް ކުރިޔަށް ގެންދަންވީގޮތް ކިޔައިދޭކަމަށެވެ. އަދި ބިންބިފޯހުގެ ލީޑަރެއް، ކަމުގައިވާ “ވާދޫޑީޑީ” ކެމެރާއެއްގެ މައްސަލާގައި ބަންދުކުރާ ކަމަށް ހަދާފައި ޖަލަށްފޮނުވުމަށް ފަހު، ވިސާމާއި ނާސިރުއާ ތިބޭގޮޅިން ބައްދަލު ކުރުވާ، އެދުވަސްވަރު މާލެތެރޭގައި ހިންގިހުރިހާ ކަމެއް ހިންގީ ޑޮކްޓަރ ވަހީދު ވިދާޅުވެގެން ކަމަށް ތަހުގީގުގައި ބުނެދިނުމަށް އެދުނެވެ. އަދި އެކަން ކުރަންވީގޮތް، އަލިފާންރޯކުރަން ވީގޮތާއި ތަންތަން، އެދެކުދިންނަށް ކިޔައިދީ ހެދިކަމަށް ތަހުގީގަށް ކިޔައިދޭންވީ ގޮތްތައް ގޮޅީގައި ހުރެގެން ކިޔައިދީ، ބުނެދީ، އަދި ރާވައިދިނެވެ. ޖަލަށް ވެއްދި ބިންބިފޯހުގެ ލީޑަރުޖަލަށް ވެއްދުމުގެ މަސައްކަތް ހިންގީ، ކާށިދޫ ހުސައިންފުޅާއި އާދަމްޒާހިރާ ގުޅިގެންނެވެ. ބިންބިފޯހުގެ އަމަލީ ގިނަކަންތައް ކޮށްފައިވަނީ، އާދަމްޒާހިރަށް ނާންގާ، ހުސައިންފުޅުގެ ސިދާ ބެއްލެވުމުގެ ދަށުން، ރައީސް މައުމޫނުގެ އޯޑަރަށެވެ. އާދެ! ޑޮކްޓަރ ވަހީދާ ރައްޓެހިވާން ހެދިގޮތާއި ވަހީދާބައްދަލުކުރާ ތަންތަނާއި ދެއްކިވާހަކަތަކާއި މިހުރިހާ ރޭވުމެއް ޖަލުގައި ހުރެގެން، އެދެކުދިންނަށް ކިޔައިދީ ހެދިއެވެ. ވަރަށްރީއްޗަށް ރާވާލަދިނެވެ. އެހެނަސް މިކަމަކީ، ސާފުތެދުދޮގަށް ވާތީ، ވިސާމާއިނާސިރަށް އެކަންތައް ޑޮކްޓަރ ވަހީދުގެ ބޮލުގައި ސީދާކޮށް، އަޅުވާގޮތަށް އެވާހަކަތަހުގީގު ޓީމުތަކަށް ކިޔައިދޭން ނުކެރި ފަސްޖެހުނީއެވެ. އާދެ! ސީދާ ދޮގަކަށްވާތީ އެވާހަކަ ތަހުގީގުޓީމަށް ކިޔައިނުދިނީއެވެ. ޑީޑީއަށް ޖެހުނީ، ހުސްއަތާ، އެނބުރި ޖަލުން އަންނާށެވެ. މިހިރަކަހަލަ އެތައް ހަގީގަތްތަކެއް އަދި ފަހުން ހެއްކާއި ގަރީނާތަކާއެކު ފަޅާއަރާނެއެވެ. އާދެ! ކަޅުހުކުރުގައި މިފަދަ ރޯލެއްކުޅުނީ، “ޔާނުފޯސް” އޭ ކިޔުނު ޕާޓޭންގެ ގްރޫޕަކުންނެވެ. ޕާޓޭންގެ ވަގުތީ ގޭންގަކުންނެވެ. މިފޯހުގައި އެކިވަރުވަރުގެ ގޭންގްލީޑަރުން ތިއްބެވެ. ފައިސާކޮޅެއް ބަހާލައިގެން އެއްކޮށްފައި ތިބި ގްރޫޕެއްކަން ފެނުމުން އެނގެއެވެ. ބޮޑުންނާސީދާކޮށް ގުޅޭޕާޓޭން މީގެތެރޭގައި އުޅެއެވެ. ކަޅުހުކުރުގައި މެގަފޯން ދެސެޓް މިފޯހަށް ބާލައިދިނީ، ސިފައިންގެ ފާރުމަތިންނެވެ. މިއީ ސީދާ އަޅުގަނޑުގެ ދެލޮލުން ދުށްމަންޒަރެކެވެ. އެގްރޫޕަށް މަގުފަހިކޮށްދީ، ތަންތަނަށް ގެންގޮސް ގެނެސްދީ ހެދީ، ސީދާ ސިފައިންނެވެ. މިގްރޫޕުގެ ކުދިންތައް ތިންހަތަރު ފަހަރެއްގެ މަތިން، ކަޅުހުކުރުގައި ރައްޔިތުންގެ ހުށަހެޅުންތައް، ދައުލަތުގެ އެދުމުގެމަތީން، އަޑުގަދަކުރާއިން ހުށަހަޅަމުން ދިޔަވަގުތު، އެތަނަށް ގަދަކަމުން ވަދެގަނެގެން، ސުލްހަވެރި ކަންނަގާލައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރިއެވެ. އަދި ސިފައިންނަށް ހަމަލާދިނުމުގައި އިސްކޮށް ތިބީ މިފޯހުގެ ޕާޓޭންނެވެ. ސިފައިންގެ މީހެއްގެ ބަނޑަށް ވަޅިއެއްހަރާ ލިއެވެ. އެތަނުގައި އަލިފާން ރޯކުރަން އެމީހުން މަސައްކަތް ކުރިއެވެ. ކޯއްޓޭގައިހުރި، ބޮޑުދިދަ ކަނޑާލާއި ބިމަށް ވައްޓާލަން އެގްރޫޕުން ވަރަށް މަސައްކަތް ކުރިއެވެ. މިކަމަކީ އެންމެނުބައިކޮށް އެމީހުންކުރަން އުޅުނުކަންތަކެވެ. އަދި އެމީހުންގެ އެންމެ މުހިންމު ކަމަކަށް އަމުރުއައިސްފައި އޮތީ މިކަންތައް ކުރުމަށެވެ. މިހަނގުރާމަ ހިނގިވަގުތު ދިދައިގެ ވާގަނޑު ހިމާޔަތް ކުރަންވާގަނޑާ އެންމެގާތުގައި ހުރީ އަޅުގަނޑެވެ. ދެން އެންމެ ވަރުގަދަޔަށް އެކަން ކުރިޔަނިދޭން ދިފާޢުގައި ޖިހާދުކުރީ ދާދަރާ ނަސީމެވެ. އޭނާހުންނެވީ އަޅުގަނޑާ ޖެހިގެންނެވެ. އަޅުގަނޑުމެން ދެމީހުން ވެގެން ﷲގެ އިރާދަފުޅާއެކު ބޮޑުދިދަހިމާޔަތް ކުރެވުނެވެ. މަސްތުވެގެން ތިބިޕާޓޭންނަށް ޖެހުނީ ނާކާމިޔާބާ، އެތައްގެއްލުމަކާއެކު ފަހަތަށް ޖެހޭށެވެ. ދުވެފިލާށެވެ. އާދެ! މިހުރިހާ މަސައްކަތެއް މިފޯސްތަކުން ކުރީ، ރައީސް މައުމޫނުގެ ވެރިކަން ދަމަހައްޓާށެވެ. މިހުރިހާކަންތަކެއް ރާވައިގެން ދައުލަތުގެ ފައިސާ ޚަރަދުކޮށްގެން ހިންގުމުގެ ބޭނުމަކީ، ހަމަހިމޭންކޮށް، ރީތިކޮށް ހިނގަމުންދިޔަ، އަދި ރައްޔިތުންގެ ހުށަހެޅުންތަކާއި އެދުންތައް ލިޔެގެން އަޑުގަދަކުރާ މެދުވެރިކޮށް ސުލްހަވެރިކަމާ އެކު، ހުށަހަޅަމުން ގެންދަނިކޮށް އެއެއްވުން މުގުރާލާއި ވީހާއަވަހަށް ގާނޫނު އަސާސީގެ ދަށުން 144 ގެދަށުން ކުއްލި ނުރައްކަލުގެ އަމުރު ނެރުމުގެ ބާރު، ލިބިގަތުމުގެ ދަހިވެތިކަމުގައެވެ. އެބާރާއި ކާފިއޫހިންގުމުގެ ފުރުސަތު އަވަސް ކުރުމަށެވެ. ގާނޫނުއަސާސީން ލިބިދޭ މިނިވަންކަމުން ބައިކުޅަބައެއް މުށުތެރެއަށްލާ ހިފާއްޓާލުމުގެ ބޭނުމާއި ދަހިވެތި ކަމުގައެވެ. އާދެ! ކަޅުހުކުރުގައި ހަރަކާތްތެރިވި، މީހުންނާމެދު ގާނޫނީ އަދި ޝަރުޢީ ފިޔަވަޅެއް ދައުލަތުން އަޅުއްވަންޏާ އަޅުއްވަންވީ، އެއްއުސޫލަކުން އަދާލަތުގެ މަގުންނެވެ. ކަޅުހުކުރުގައި ރައްޔިތުން މަޖިލީހުގެ ހއ.މެންބަރ ކެލާނިޒާމާއި މާލޭގެ މެންބަރ އިލްޔާސް އިބްރާހީމާއި ދ.އަތޮޅު މެންބަރ އިސްމާޢީލް ޒާހިރާއި މިފަދަ އެތަށް ބަޔަކު، އެއެއްވުމުގައި ހަރަކާތްތެރި ވެފައިވެއެވެ. ޑޮކްޓަރ ފާތިން ހަމީދަކީ ވެސް އެކަމުގައި ބައިވެރިވެ ވަޑައިގެނނެވި، އަންހެނެކެވެ. މިއީ އެންމެންދަންނަ ހަގީގަތެކެވެ. ދަލީލެކެވެ. ފެންނަންއޮތް ހެއްކެކެވެ. ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެއެވެ. ތާރީޚް އަބަދުވެސް ހެކިދޭނެއެވެ. އަދިވެސް މިނޫނަސް އެތައްބަޔަކު މިއެއްވުމުގައި އަމަލީގޮތުން ބައިވެރިވެފައި ވެއެވެ. މިއެންމެނާ ދޭތެރޭގައިވެސް ބެލެވެންޖެހޭނީ، އެއްއުސޫލަކުން އެއްގޮތަކަށެވެ. އެއްހަމަ އަކުންނެވެ. އިންސާފުވާން ޖެހޭނީ، ހަމައިންސާފަށެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާން ޖެހޭނެއެވެ. ކަޅުހުކުރުގެ އިސްލާހީ ހަރަކާތުގެ މީހަކަށް، އެއެއްވުމުގައި ބައިވެރިވެގެން ހުކުމެއް އަންނަންޏާ، އެއެންމެން ނަށްވެސް ކަޅުހުކުރުގައި ބައިވެރިވިކަމުގެ ހުކުމް އަންނަން ޖެހޭނެއެވެ. އާދެ! އިންސާފަކީ، އެއީއެވެ. އޭ! ﷲ އެވެ! އަޅަމެން އެންމެންނަށް ހެޔޮވިސްނުން ދެއްވާށިއެވެ! މިމަސައްކަތުގައި ބަރަކާތް ލައްވާށިއެވެ! އާމީން! މިހާހިސާބަށް ކުރުކޮށް، މިއިންޓަރވިއު ނިންމާލާނަމެވެ.
ނޯޓް: މިވާހަކަތައް މިހާތަފްސީލުކޮށް ބުނެދީމިހަދަނީ، ކުރިޔަށް އޮތްތަނުގައި ދިވެހި ކިޔަވާ ކުދިންގެ ތެރެއިން ބައެއް ޒުވާނުން ނަމަވެސް، މިވާހަކަތަކުން ހިތްވަރު ލިބިގަނެ މިމަގުން ހިނގާނެކަމުގެ އުންމީދު ގައެވެ. ހައްގުގޮތް ދަމަހައްޓާނެ ޒުވާނުން އަބަދުވެސް ތިބެންޖެހޭނެއެވެ. ގައުމުގެ ދިރުމަކީ، އެމީހުންނެވެ. ގައުމުގެ ރޫޙަކީ، އެމީހުންނެވެ. ޝުކުރިއްޔާ!