=އިލްޔާސް ހުސައިން އިބްރާހިމް=
އާދެ! ޝަހީދު ސައްދާމް ޙުސައިން ޢަބްދުލް މަޖީދު އަލްތިކްރީތީއަކީ، ގައުމިއްޔަތުގެ ކުލުނުނާއި ލޯބި އޭނާގެ ހިތާއި ސިކުނޑީގައި އަށަގެންފައިވާ ގައުމީ ބަޠަލެއްކަން ހައްގުގޮތުގައި ސާބިތުކޮށްދީފިއެވެ. އިރާގުގެ ލޮބުވެތި ރައްޔިތުންނަށާއި މުޅި ދުނިޔެއަށެވެ. އޭނާގެ ލޮބުވެތި ހަށިގަނޑު އަމިއްލަފުޅަށް، ހަލާކުކޮށްލެއްވުމުގެ އެތައް ފުރުޞަތެއް ކުރިމަތީގައި އޮތްއިރުވެސް އެފަދަ ބޭކާރު ޢަމަލެއް ނުކުރައްވައި ސާބިތުކަންމަތީގައި ގައިމުވެ ހުންނެވީ، ވަރުގަދަ އަގީދާއެއްގެ ސަބަބުންނެވެ. ފަހެ، އޭނާގެ ލޭފޮދު ގުރުބާންވެ، ހަދިޔާ ވެގެންދިޔައީ، އެތައް ހާސް މުސްލިމުންނެއް، އަރަފާތުގެ ބިމުން ހައްޖުވެ އެނބުރި މިނާއަށް އައިސް ހަދުޔު ކަތިލައި ﷲއަށް، ސާފުލެއިން ހަދިޔާކޮށް އެކަލާގެ ކުޅަދުން ވަންތަކަމުގެ މަތިވެރިކަން ހަނދާން ކުރަމުން ގެންދާ ބަރަކާތް ތެރި ދުވަހެއްގައެވެ. މިވަގުތު ދުނިޔޭގައި އޮތް އެންމެ ވަރުގަދަ ބާރުގެ އިސްތިޢުމާރުގެ ދަށުވެ ހުންނަވައިގެން، ކިޔަމަންތެރިކަމާ އެކު ﷲއަށް ގުރުބާން ވުމަށްޓަކައި ދަތްދޮޅި ހިއްލާލައްވައި ރީތިކޮށް ކަރުދިއްކޮށް ލައްވަމުންނެވެ. ހިތްވަރުގަދަ ސައްދާމުގެ މައްޗަށް ސަލާމް ހުއްޓެވެ! ހެޔޮދުޢާ ކުރަމެވެ! ސުވަރުގެ ދެއްވާށިއެވެ! މިއީ ސާބިތުކަމާއި ހިތްވަރު ގަދަކަމުގެ އިންތިހާ ދަރަޖައެވެ. އިސްމާއީލްގެ ފާނު ދެއްކެވި ރީތި ނަމޫނާގެ ހަނދާންތައް ތާޒާކޮށް އާކޮށްދިނުމެވެ. ސާބިތުކަމާއެކު މިދައްކުވައިދިނީ، ޝަހީދު ސައްދާމުގެ އަގީދާގެ ވަރުގަދަކަމެވެ. އޭނާގެ ޒަޢާމަތުގެ ހަރުދަނާ ކަމެވެ. އިސްލާމީ ރޫޙެވެ.
ޝަހީދު ސައްދާމުގެ ކޮންމެ އަރިމައްޗަކަށް ބަލާލިޔަސް ފެންނަނީ، ޖަޒްބާތުން އުތުރި އަރަމުންދާ ޤައުމިއްޔަތަށް ދަލާލަތު ކޮށްދޭ ގުރުބާނީތަކެވެ. އިސްނެންގެވުމުގެ ހަރުދަނާ ޤިޔާދަތެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުކަމަށް ދައުވާކުރާ އެމެރިކާގެ ސިއްރު ރޭވުންތަކުގެ ބާރުގެ ދަށަށް މުޅިއިރާޤު އިސްތިޢުމާރު ކޮށް، ޝަހީދު ސައްދާމުގެ ކަރުފުޅުގައި ވަށަމިނުން ދޮޅުއިންޗީގެ ފަލަވަލަކުން ކަރުމަޅި އަޅުވައި ދަންޖައްސާ، އަވަހާރަކޮށްލި އިރުވެސް ފެންނަމުންދިޔައީ އޭނާގެ އެންމެ ޒުވާން ދުވަސްވަރު ފެންނަމުން ދިޔަ ހޫނު ލެއިން ތާޒާވެވެ ހުރި ހިތްވަރާއި ޢަޒުމް ދައްކުވައިދިން ޤައުމިއްޔަތެވެ. ހަރުދަނާ ކެރޭކަމުގެ ޒަޢާމަތެވެ. 1937 އެޕްރިލް 28 ގައި ތިކްރީތަށް އުފަންވި ޝަހީދު ސައްދާމު، ބައަސް ޕާޓީތެރޭގައާއި 1979ން ފެށިގެން އިރާގުގެ ރައީސްކަމުގައި ހުންނަވައިގެން ޝަހީދުވެވަޑައިގަތުމާ ހަމައަށް އެދައްކުވައިދިނީ ފަސްޕަސެންޓް ވިޔަފާރީގެ ހިއްސާ މީހުންނަށް ދީގެން ހޯއްދަވާފައިވާ ތާޢީދާއި ކާމިޔާބުތަކެއް ނޫނެވެ. އޭނާގެ ލެއާއި ހަށިގަނޑާއި ގުޅިފައިހުރި އިސްނެންގެވުމުގެ ވަރުގަދަ ކަމާއެކު ހޯއްދެވި ތާއީދާއިރުހުމާއި ލޯތްބެވެ. ރައްޔިތުންގެ ރުހުމާއި ލޯތްބާއި ތާއީދަކީ، ކޮންމެ ކޮންމެ މީހަކަށް މިލްކޮށްލެވޭނެ އެއްޗެއް ނޫނެވެ. އެއީ ފައިސާ ޚަރަދުކޮށްގެން ފަސްޕަސެންޓް ހަދިޔާކޮށްގެން ގަނެވޭނެ ބާރެއް ނޫނެވެ. ޤިޔާދަތެއް ކާމިޔާބު ކުރެވޭނީ، ރައްޔިތުންގެ ރުހުމާއި ލޯތްބާއި ކުލުނުންނެވެ. ފިދާވާނެ ގިނަބަޔަކު ފަހަތުގައި ތިބެގެންނެވެ.
ޝަހީދު ސައްދާމުގެ އިސްނެންގެވުމަކީ އިސްލާމީ އުއްމަތަށާއި ޢަރަބި ޒަޢާމަތަށް، އަދި ޚާއްޞަކޮށް އިރާގުގެ ސިޔާދަތަށް ލިބުނު އެންމެ މަތީ ދަރަޖައިގެ ފަޚުރެވެ. ޞަލީބީ ހަނގުރާމަތަކަށްފަހު ފާޅުގައި ޔަހޫދީންގެ އަތްދަށުން ފަލަސްތީނު މިނިވަންކޮށް އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް ގޮވާލައްވައި ޢަމަލީގޮތުން މައިދާނަށް ނުކުންނަވަން ކެރިވަޑައިގެންނެވި ހަމައެކަނި އިސްލާމީ، ޢަރަބި ދަރިއަކީ ޝަހީދު ސައްދާމު ހުސައިން ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. ޔަހޫދީންގެ އެދުރުން ޞަލީބީ ހަނގުރާމަތައް ކާމިޔާބު ނުވުމުން އެކަން ހުއްޓާލުމަށްފަހު، އަމާޒުކުރީ އިސްލާމީ، ޢަރަބި އުންމަތާ އެހެނިހެން ގޮތްގޮތުން ދިމާކޮށް ކުރިމަތިލުމަށެވެ. ޞަލާހުއްދީން އައްޔޫބީ ފަދަ ވަރުގަދަ ބޭފުޅަކު އަލުން އުފެދުނަ ނުދިނުމަށެވެ. މިހާރުވެސް އެމީހުންގެ އަމާޒަކީ، އެމީހުން ސިއްރުން ފަރުމާކޮށްފައިވާ ބޮޑު އިސްރާއީލް ދުނިޔޭގައި އުފެއްދުމެވެ. ގައިމުކުރުމަށެވެ. އެކަމަށް ހުރަސް އެޅޭ ގޮތަށް އިސްލާމީ ދުނިޔޭގައްޔާއި ޢަރަބި ދުނިޔާގައި އާދައާޚިލާފު ޒައީމެއް އުފެދޭތޯ ބަލާ ދިރާސާކުރުމަށް، އެވެރިން ރެއާއި ދުވާލު ރޭވުންތައް ރާވައި ޖާސޫސީ މަސައްކަތްތައް ކުރަމުން ގެންދެއެވެ. ބިލިއަން ބިލިއަން ޑޮލަރު މިކަމަށް ޚަރަދު ކުރެއެވެ. ޙަގީގަތަކީ، މާތް މައްސަރެއްގައި ބަރަކާތްތެރިވެގެންވާ އުފާވެރި ދުވަހެއްގައި ޢަރަބި ޒަޢީމެއް ދަންޖައްސާ ކަތިލުމަކީ، އަދިވެސް ޞަލީބީން ފެށި ހަނގުރާމަ ނުނިމޭކަން ރީތިކޮށް ދެއްކުމަށާއި އިސްލާމީ ދުނިޔެއާއި ޢަރަބި ދުނިޔޭގެ ޒަޢާމަތަށް ވަރަށްފާޅުގައި ކުރި، ޖެއްސުމެކެވެ. މަލާމަތެކެވެ. އިސްލާމުންގެ މޫނުމަތީގައި އަޅާވިހެލި އެތިފަހަރެކެވެ. އެވެރިންގެ ނުލަފާރޭވުމުގެ ދަށުން ޝަހީދު ފައިސަލް ބިން ޢަބްދުލް ޢަޒީޒު، އަވަހާރަކޮށް ލެވުނީވެސް ޢީދުގެ އުފަލެއްގައި މުސްލިމުން އެއްވެ އުފާކުރުމުގައި ތިއްބައެވެ. މިއީ ފާސިދުޞަލީބީން ރާވައިގެން ހިންގާ، މުސްލިމުންނާ ދެކޮޅު މުޢާމަރާތެއްކަން ކަށަވަރެވެ. ޔަގީނެވެ. ޢީދު ދުވަހަކީ، މުސްލިމުން އުފާފާޅުކޮށް ﷲގެ ކުޅަދުންވަންތަކަން ހަނދުމަކުރުމަށް އޮތް ދުވަހެކެވެ. ރޯދަ ފަދަ ﷲއަށް ޚާއްޞަ ކުރެވިފައިވާ އަޅުކަންވެސް އެދުވަހަށް ވަނީ ޙަރާމް ކުރައްވާފައެވެ. މިފަހަރު މިދިމާވީ އެމީހުން އުފާ ފާޅުކުރާ އާއަހަރުގެ މަސްތުވުންތަކާ އެކުގައެވެ. އެފަދަ ދަނޑިވަޅެއްގައި އިސްލާމީ ޒަޢީމަކު ދަންޖައްސައި ކަތިލުމަކީ، މުސްލިމުންގެ އިހުސާސްތަކަށް އަމާޒުކޮށް ދެވުނު ވަރުގަދަ ޢުދުވާނީ ހަމަލާއެއްކަން ގަބޫލު ނުކުރާނެ މުސްލިމަކު ހުންނާނެތޯއެވެ؟ ނުހުންނާނެކަން ކަށަވަރެވެ. މިދަނޑިވަޅާ ދިމާކޮށް މާކުރީއްސުރެ ތައްޔާރުވެ އެމެރިކާގެ މިޗިގަން ސްޓޭޓްގައި މިކަމާގުޅުވައިގެން ނަށާ މަޖާނަގަމުން ގެންދިޔައެވެ. މިގޮތުން މިކުރެވޭ ހުރިހާ އުފާތަކަކީ މުޅި އިސްލާމީ އުއްމަތަށް ކުރެވޭ ފުރައްސާރައާއި މަލާމާތެވެ. ފަހެ، ރަނގަޅާއި ނުބައި މިމިސާލުން ދެނެގަންނާށެވެ! ވިލާތަކުން ﷲ ވާރޭ ވެއްސަވައެވެ. ދެން ފެންބޮޑުވެގެން އެކަމަށް ކަނޑައެޅިގެންވާ މިންވަރުގެ މަތިން، އެކި ދިމަދިމާއަށް ވާރޭ ފެންތައް އޮހޮރިގަނެއެވެ. އަދި އެއޮހޮރޭ ފެނުގެ މައްޗަށް އަރާ ފޮނުތައް އަދި ކުނިތައްވެސް ފެނާއި އެކުވެގެން ދެއެވެ! އަދި ގަހަނާ ނުވަތަ އެނޫން ވެސް ތަކެތި ހެދުމަށް، މީހުން ވިރުވާއެކިއެކި މައުދަނުގެ މައްޗަށްވެސް އެމިސާލުގައި ދަގުއި އަރައެވެ! މިފަދައިން ﷲގެ ޙައްގާއި ބާޠިލުގެ މިސާލު ދައްކަވައެވެ! ފަހެ، އޮހޮރޭ ފެނުގެ މައްޗަށް އަރާ ފޮނާއި ކުނިތައް، އަދި ވިރިފައި ހުންނަ މަޢުދަނުގެ މައްޗަށް އަރާ، ދަގުއިވެސް ބޭނުމެއް ނެތް އެއްޗެއްގެ ގޮތުގައި އުކާލެވި ގެއްލިދަނީއެވެ. ނަމަވެސް މީސްތަކުންނަށް ފައިދާހުރި ކަންތައްތައް ދުނިޔެމަތީގައި ހަރުލައި ހުންނަނީއެވެ. ﷲ މިފަދައިން ރަނގަޅު، އަދި ނުރަނގަޅުގެ މިސާލު ދައްކަވައެވެ. ފަހެ މިއީ މުއުމިނުންނަށް ދިރިދިރިހުރި މިސާލުތަކެކެވެ. އިބްރަތް ލިބިގަންނާށެވެ.
ފަހެ، ދަންނާށެވެ! ސަލީބީންގެ މަސައްކަތަކީ، މުޅިދުނިޔޭގެ ހުރިހާ ކަންކޮޅުތައް، ފަޒާތެރަގައި ޖައްވީ ސްޓޭޝަންތައް ބިނާކޮށްގެން ތިބެ ބަލާމޮނިޓަރކޮށް ފާރަލަމުން ގެންދިއުމެވެ. އެވެރިންގެ އަމާޒަކީ އިސްލާމީ އުއްމަތެވެ. ޚާއްސަކޮށް ޓާގެޓަކީ، އިސްލާމީ އުންމަތުގެ ވަރުގަދަ ޒަޢީމުންނެވެ. އަދި އެބަޔަކުލައްވާ އެބައެއްގެ ޒުވާނުންނާއި ތަރައްގީގެ ބިނާތައް އަމިއްލައަތުން ހަލާކުކޮށްލައި ތިރިކޮށްލުވުމެވެ. ބިމާހަމަކޮށްލުވުމެވެ. ވަހުޝީ ޖާހިލިއްޔަތާއި ދިމާއަށް އިސްލާމީ ތަހުޒީބު އަނބުރާލުމެވެ. ދާޚިލީ ހަމަނުޖެހުމާ ހަނގުރާމައާ ދިމާލަށް އަނބުރާލުމެވެ. ފުރަތަމަ ބެލީ، އަޑީގައި ފޮރުވި ތިބެގެން، ޝަހީދު ސައްދާމުލައްވައި ފާރިސީން (އިރާން) ފުނޑުފުނޑުކޮށް ބަލިކޮށްލެވޭތޯއެވެ. އެހެނަސް ވަކި ހިސާބަކުން ޝަހީދު ސައްދާމަށް ވިސްނިވަޑައިގެން ހަނގުރާމަ ހުއްޓަވާލައްވައި ފަތަޙަކުރެއްވި ބިންތައް އަނބުރާ އީރާނަށް ބަދަލެއްނެތި ރައްދުކުރައްވައި، އީރާނާއެކު އިތުރު ގުޅުންތައްވެސް އުފެއްދެވީއެވެ. އާދެ! އިސާހިތަކު ފެނިގެން ދިޔައީ، ޝަހީދު ސައްދާމުގެ ލޭގައި އަށަގެންފައިވާ އިސްލާމީ، ޢަރަބި ގައުމިއްޔަތުގެ ވަރުގަދަކަމުން މިދުނިޔެއިން ޞަލީބުގެ އަހުލުވެރިންގެ ގުޅުންތައް ފުނޑުފުނޑު ކޮށްލައިގެން ނޫނީ، ފަލަސްތީނުގެބިން މިނިވަން ކުރެވެން ނެތްކަން، ޔަގީންކޮށް ސާބިތުކޮށްދެއްވި މަންޒަރެވެ. ޝަހީދު ސައްދާމަކީ، ފަލަސްތީނު މީހުންގެ ޙައްގުގައި އިޒުރޭލާދިމާލަށް، 40 ސްކަޑް މިސައިލް ޖެހިލުމެއްނެތި އުދުއްސާލި ޢަރަބި ބަޠަލެވެ. އިޒުރޭލުން ސޫރިޔާގެ ދިމިޝްގް ހިފަން ރޭވި ވަގުތު ޢަރަބި ޖަމްޢިއްޔާގެ ދިފާއުގައި އަރަބި ސިފައިން ފޮނުއްވި ހީވާގިކެރޭ ގާއިދެވެ. ފަލަސްތީނުގެ އިންތިފާޟާއަށް އެންމެ ބޮޑަށް ހަތިޔާރާއި ފައިސާއިން އެހީވެދެއްވި ޒަޢީމެވެ. ފަލަސްތީނުގެ ޖިހާދުގައި ޝަހީދުވެ ދިޔަ ޢާއިލާތަކަށް ނަގުދުފައިސާގެ އެހީ ވެދެއްވި ދީލަތި ޒަޢީމެވެ. ސައްދާމު ހުސައިން ޝަހީދުވެގެން ދިޔަޔަސް ސަލީބީން އެފަދަ ޒަޢީމުންގެ ފަހުލަވާނުން ދެކެވެސް ބިރުގަންނާނެއެވެ. ސިހޭނެއެވެ. ތުރުތުރުއަޅާނެއެވެ. ސަލީބުގެ އަހުލުވެރިންނަކީ، ގަދަ ބާރުން ނުހައްގު ގޮތުގައި ފަލަސްތީންގެ ބިން އިސްލާމުންގެ އަތުން ފޭރިގަނެގެން އުޅޭ ބިންފޭރޭ ޖައްބާރު މީހުންނެވެ. އިސްލާމުން ބައިބައިކޮށް ފޮތިފޮތި ކޮށްލުމަށްފަހު، ދުނިޔޭގެ އެންމެ ގަދަ ބާރަށް ވެފައިވަނީ އެމީހުންނެވެ. ނިއުކްލިޔަރ ހަތިޔާރުގެ ކޮށާރުތައް ގެންގުޅޭ މީހުންނެވެ. ސޯވިއެޓް ޔުނިއަން ރޫޅާލީ ވެސް އެވެރިންގެ މަކަރުންނެވެ. އަދި މިހާރު އިރާނާއި ސޫރިއާ ރޫޅާލައި ދާޚިލީ ހަމަނުޖެހުމަށް ވައްޓާލަން މަސައްކަތް ކުރަނީވެސް ހަމަ އެޔަހޫދީންނެވެ. މިފަދަ ޖައްބާރު ނުލަފާ ބަޔަކާއި ދެކޮޅަށް އިސްލާމީ އެއްބައި ވަންތަކަމުގެ ގައުމިއްޔަތު ކުރިއަށް ނެރެ ދެއްކުމަކީ ކުޑަކަމެއް ނޫނެވެ. ވަރަށް ބޮޑު ކަމެކެވެ. އާދެ! މިކަމަކީ، ޝަހީދު ސައްދާމުގެ އަމިއްލަފުޅު ގައުމު ބޮޑުބާރެއްގެ ގޮތުގައި ބިނާކޮށް ދެމެހެއްޓުމަށް، އޭނާ ޤާނޫނީ ގޮތުންނާ، އަދި ޤާނޫނާޚިލާފަށް، ކުރައްވާފައިވާ ގިނަގުނަ ނުބައިކަންތައް ފޮރުވިގެންދާ ވަރުގެ ބިޔަ ބުރަދަނެއް އެކުލެވޭ ކަމެކެވެ. އިންސާފުކުރަން ޖެހޭނީ މުޅި އުދަރެހަށް ބަލާނަޒަރު ކޮށްފައެވެ. ފަހެ، މިކަން އެންމެ ގާތުން އިންސާފުކޮށް ނިންމަވާނީ އިރާގުގެ އަމިއްލަ، ލޮބުވެތި ރައްޔިތުންނެވެ. އެހެންމީހުންނެއް ނޫނެވެ. ދުނިޔޭގެ ބާރުތައް ގޮތުގައި އުފުލިފައިވާ ބާރުތަކުން، އިސްތިޢުމާރުކޮށް، ރައްޔިތުންގެ ބާރުނަގާލައި ބައިބައިކޮށް ފޮތޮފޮތި ކޮށްލައިގެން ތިބެ ނިންމާ ނިންމުންތަކަށް އެއްގޮތަކަށްވެސް ތަރުޙީބުދީ މަރުޙަބާ ކިޔައިގެންނުވާނެއެވެ. އަދި މިފަދަ ބާރުތަކަށް ދަޢުވަތުދީ އެމީހުންގެ އިސްތިޢުމާރުގެ ދަށަށް އަމިއްލައަށް ވެއްޓިގަތުމަކީ، ގައުމިއްޔަތަށް ފުރަގަސް ދިނުމެވެ. ޢަރަބި އެއްބައިވަންތަކަން ހަލާކުކޮށްލުމެވެ. އިސްލާމީ އެއްބައެއް ވަންތަކަން ނަގާލާއި މުގުރާލުމެވެ. މުޅިގައުމު ބައިބައިކޮށް، ފޮތޮފޮތި ކޮށް، ކުދިކުދިކޮށްލުމެވެ. އިސްލާމީ އެއްބައެއްވަންތަކަން ނަގާލާއި މުގުރާލުމެވެ.
އާދެ! ދަންނާށެވެ! އިސްލާމީ އުއްމަތް އެކަތިގަނޑަކަށް ވެގެން ނޫނީ، އެކުވެރި ސްޓޭޓްތަކުގެ އެމެރިކާ ރޫޅާލާއި ޔަހުދީން ބައްޔެއް ނުކުރެވޭނެއެވެ. ސަހުޔޫނީ ޔަހޫދީންގެ ސިއްރުބާރުތައް ފޫއަޅުވާ ނުލެވޭނެއެވެ. އިސްލާމުން އެމީހުންނަށް ވުރެ ގަދަފަދަ ވެގެންނޫނީ އެމީހުން ބަލިކުރެވޭނެ ތަނެއްނާން ނާނެއެވެ. އެއީ އެއްއުންމަތެކެވެ. އިސްލާމީ އުންމަތް މިވަނީ ބައިބަޔަށް ދައުލަތްތަކަށް ބަހާލާފައެވެ. އަޅުގަނޑުގެ ހިތާއި ސިކުނޑިން ޝަހީދު ސައްދާމަށް، ޝަހީދުންގެ މަތިވެރި ދަރަޖަ މިއަރުވަނީ، އޭނާއަށް ވުރެ އެތައް ދަރަޖައެއް ނުބައި ނުލަފާ، އެތައް ހާސް މުސްލިމުންނެއް މަރާ، އަދި މަރަމުން ގެންދާ އެމެރިކާނުން، އޭނާ ދަން ޖައްސައި ގަތުލުކޮށްލާފައި ވާތީއެވެ. އޭ! މުސްލިމުންނޭވެ! ދަނެ ހަނދާން ކުރާހުއްޓެވެ! ﷲ ގެ މަގުގައި ގަތުލުވީ މީހުން، އެއީ މަރުވެފައިވާ ބަޔަކު ކަމުގައި ތިޔަބައި މީހުން ހީނުކުރާހުށިކަމެވެ. އަދި ކިއެއްތަ، އެބައި މީހުންނަކީ އެބައި މީހުން ހައްދަވައި ބޮޑުކުރެއްވި ﷲ ގެ ހަޟުރަތުގައި ދިރިތިބި ބައެކެވެ. ރިޒުޤު ލިބޭހާލުގައެވެ. އުފާކުރާ ހާލުގައެވެ. ފަހެ ދަންނާށެވެ! ޝަހީދު ސައްދާމަކީ، ހަނގުރާމަމަތީ އަސީރެކެވެ. އެކުވެރި ދަޢުލަތް (އދ) ތަކާއި މުޅިދުނިޔެ އެކަން ގަބޫލުކުރެއެވެ. އެހެނަސް….. ދަންޖައްސާ…….. މަރާލީއެވެ!
އާދެ! އިންސާނާގެ މުށުތެރެއަށް ލެވޭ ވަރަށް ގްލޯބަލައިޒް ވެފައިވާ ދުނިޔެ ދަތުރުކުރަމުން މިދާ ހުޅުވިފައިވާ މަގުން ކުރިއަށް ދާންދޫކޮށް ލެވިއްޖެނަމަ، އިރާގުގައި ޞަލީބީ އިސްތިއުމާރުން އުފައްދާފައި އޮތް ގޮނޑިކޮއްކޮ ކޮމާންޑުގެ ދަށުން ކަމުގައި ވިޔަސް، ޝަހީދު ސައްދާމަށް ޙުކުމްކޮށް، ގަތުލުކޮށް މަރާލުމަކީ، އުދަނގޫ ކަމެއްކަން އެމީހުން ހަމަރަނގަޅަށް ދަނެއެވެ. އެކިއެކި އިންސާނީ ޙައްގުތަކާބެހޭ ޖަމާޢަތްތަކާއި، އދ.ގެ އެކި މަޖަޢަތްތަކުން މައްސަލަތައް ނަގައި ތެޅިފޮޅިގަންނާނެ ތީއެވެ. އެންމެ ފަހުން ޝަހީދު ސައްދާމު ދައްކަވާފައި ހުރި ވާހަކަފުޅުތަކުން މިކަން ދަނެގަނެ ވެއެވެ. ސާފުކޮށް އޮޅުންފިލައެވެ. އެހެނަސް ޔަހޫދީންގެ ރޭވުމަކަށްވާތީ ތަންކޮޅެއް އަވަހަށްހަމަހިމޭން ވާނެއެވެ. މިކަންކޮށް ނިންމާފައިވަނީ ބޮޑުރޭވުމެއްގެ ދަށުންނެވެ.
އާދެ! މިދެންނެވި އިސްތިޢުމާރީ، ސިޔާސީ ކޯޓުގައި ޖަޖުންނަށް ބޭތިއްބީ މުޅިންވެސް ކުރުދީ ދަރިކޮޅުގެ މީހުންނެވެ. މިމީހުންނަށް ޚާއްޞަ ތަމްރީނުތަކެއް އެމެރިކާގެ އޮހޯ ސްޓޭޓްގެ ޔުނިވަރސިޓީއެއްގައި އެކަމަށް ޚާއްޞަކުރެވުނު، ޕްރޮފިސަރެއް ލައްވައިދެވުނެވެ. ފުރަތަމަ މިގަޟިއްޔާތައް ބެއްލެވުމަށް ޙަވާލުކުރެވުނު ޖަޖު އިސްތިޢުފާ ދެއްވާފައި ދުރަށް ޖެހިވަޑައިގަތީ، އެމެރިކާނުންގެ އިސްތިޢުމާރީ ނުފޫޒުގެ ދަށުން، މިޝަރީޢަތަށް ސިޔާސީ ކުލަ ޖައްސަން ފެށީމައެވެ. ކޯޓުގެ ތެރޭގައި އެމެރިކާގެ މިލިޓަރީ އޮފިސަރުންނަށް ޖާގަ ދެވުނެވެ. އެމެރިކާ އުފެއްދި އިސްތިޢުމާރީ ސަރުކާރުން އެތައް ފަހަރަކު އެފަނޑިޔާރުގެ ކިބައިން އެނބުރި ވަޑައިގެން ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ. އެހެނަސް އޭނާ އެނބުރި އައިސް ޝަރީޢަތްކޮށް ދިނުމަށް ފާޅުގައި ކުރެއްވީ އިންކާރެވެ. މިކަމަށް ފުރަގަސް ދެއްވުމަށްފަހު، ވަޑައިގެން ހުންނެވީ އަމިއްލަ ރަށުގައެވެ. ވެރިކަމާ ދުރުގައެވެ. ފަހެ، އިސްލާމުންގެ ހިތާއި ޒަމީރާ ކުޅެވޭނީ ކޮންމެވެސް މިންވަރަކަށެވެ. މިއިން ކޮންމެ ކަމަކުންވެސް ޢިބުރަތް ލިބިގަންނަން ޖެހޭނެއެވެ.
ޝަހީދު ސައްދާމުގެ ދިފާޢީ ޓީމުގައި ވީގޮތެއް ނޭގި ބަޑިޖަހައި މަރާލެވުނު ލޯޔަރުންވެސް ތިއްބެވެ. އެޓީމުގެ އެންމެ ވަރުގަދަ އެކަކު ކަމުގައިވާ ޑޮކްޓަރ ބުޝްރާ ޚަލީލު ދެފަހަރުމަތިން ކޯޓުން ނެރެލެވުނެވެ. ކޯޓުގެ އިމުގެތެރޭގައި އެމެރިކާގެ ޖެނެރަލުންނާއި އޮފިސަރުން މަސައްކަތް ކުރައްވާތީ އެވާހަކަ ދައްކަވައިގެންނެވެ. ދިފާޢީ މިލޯޔަރަކީ ހަތަރު މަތިފުށް ޝީޢީ އަންހެނެކެވެ. މީގެ ކުރިން ދުވަހަކުވެސް ޝަހީދު ސައްދާމާއި ބައްދަލުވެ، ދެކިފަރިތަ ވެފައިވާ މީހެއް ނޫނެވެ. ޝަހީދު ސައްދާމު ޝަހީދުކޮށްލެވުނު ދުވަހު އޭނާއަށް ހުންނަނަވަން ޖެހުނީ އަންމާނުގައެވެ. ޖޯޑަނުން އިރާގަށް އެރުމުގެ ހުއްދަ އިސްތިޢުމާރީ ބާރުތަކުން ނުދީގެންނެވެ. ކަމާބެހޭ ފަރާތްތަކުން އޭނާއަށް ދީފައިވާ ޖަވާބަކީ، އެކަމަނާއަށް އިރާގަށް ވަދެވަޑައިގަނެވޭނީ 31 ޑިސެމްބަރު ގައި ކަމަށެވެ. އެއީ ދަންޖެއްސުމުގެ ފަހުދުވަހެވެ.
ޢަރަބި އުއްމަތުގެ އެންމެ މަތީސަފުގައި އޮތް އިރާގު ގަދަކަމުން އިސްތިޢުމާރު ކޮށްގެން އުޅޭ އެމެރިކާ، ޝަހީދު ސައްދާމާމެދު އެޅި، ހަމައިންނާއި އިންސާފުން ނެއްޓިފައިވާ އަނިޔާވެރި ފިޔަވަޅު، މުސްލިމު ދަރިއެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ބޮޑުމަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ކުރަމެވެ. އަދި ދަންޖެއްސި ގޮތާއިމެދު ހިތްހަމަނުޖެހި ހުރެ ފާޅުގައި ނުރުހުން ފާޅުކޮށް، އެކަން ރަސްމީކޮށް އިއުލާނުކުރަމެވެ. ދަންޖެއްސުމަށް ގެންދެވުނު މަގުމަތީގައި ހުތުރު ބަސްތައް ރައްދުކޮށް ރުޅިއެރުވުމަށް މަސައްކަތް ކުރުމަކީ ޖުރުމެކެވެ. ބޮޑުފާފައެކެވެ. ކަތިލާއިރު ފެންދޭންޖެހެނީ އެހިނދުކޮޅުގައި ސިނކުޑިއަށް ފިނިކޮށްލުމުގެ ބޭނުމުގައެވެ. އެއްގޮތަކަށް ވެސް އެހިނދުކޮޅުގައި ރުޅިއަރުވައިގެން ނުވާނެއެވެ. އެއީ އިންސާނިއްޔަތުން ބޭރު އަމަލެކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޝަހީދު ސައްދާމު ހުސައިންއަކީ ޝަހީދުވެވަޑައިގެންނެވި އިރުވެސް އިރާގުގެ ލޮބުވެތި ރައީސުލް ޖުމުހޫރިއްޔާއެވެ. ދަންޖައްސާ މަރާ އެއްވެސް މީހެއްގެ ކަރުން ލޭފެނިފައެއް ނުހުރެއެވެ. އަދި މީހާކަތިލެވޭ ގޮތަށް ދަންޖެއްސުމަކީ، ބޮޑުވެގެންވާ އަނިޔާކުރުމެކެވެ. އިންސާނެއް ވިޔަސް ޖަނަވާރެއް ވިޔަސް ދަންޖެއްސުމުގައި އަނިޔާވެރި ވެގެން ނުވާނެއެވެ. ދަން ޖެއްސުމަކީ، ކަންބަޅިއެއް ކަތިލާހެން ކަތިލުމެއް ނޫނެވެ. ލޭފަތުރާލަން ޖެހެނީ ގުރުބާން ކުރުމުގައެވެ. ޝަހީދު ސައްދާމުގެ ނިޔަތާއި މަގުޞަދު ގައި އިޚްލާޞްތެރިކަން އެކުލެވިފައިވާލެއް ބޮޑުކަމުން، ﷲ އަށާއި އެންމެހާ މުސްލިމުންނަށް އޭނާގެ ހަށިގަނޑުގެ ﷲއަށް، ހަދިޔާކުރެވިގެން ދިޔައީ ލޭފެނިގެންނެވެ. އިންސާނެއްގެ ނިޔަތާއި މަގުޞަދާއި އިޚްލާސްތެރިކަން އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ، ސީދާ ﷲއެވެ. ކިޔަމަންތެރިކަމާއެކު ﷲއަށް ގުރުބާން ވުމުގެ އަޒުމުގައި ތައްޔާރަށް ހުންނެވިކަން ދަންޖައްސުމުގެ ތިން ދުވަސްކުރިން ބައްދަލުކުރެއްވި ތިމާގެ ދެބޭފުޅަކަށް އެނާ ވިދާޅުވެ ދެއްވިއެވެ. އަދި އަމިއްލަ އަތްޕުޅުން ލިޔުއްވާފައިވާ ވަސިއްޔަތުނާމާ އާއި ސިޓީއެއްގައި ވިދާޅުވެފައިވާ ފަދައިން، ޝަހީދު ސައްދާމު ހުސައިން ގެ ހަށިކޮޅަކީ އިރާގާއި، އިރާގުގެ ލޮބިވެތި ރައްޔިތުންނާއި ހުރިހާ އަރަބިންނާއި އެންމެހާ އިސްލާމުންނަށް، ޞަލީބީ އިސްތިޢުމާރުގެ އަނިޔާވެރިކަމުގެ އަތުން، ކަތިލާ ހަދިޔާކުރެވުނު ގުރުބާނީއެއްކަން ކަށަވަރެވެ. އަޅުގަނޑުމެން އެންމެން، އެއީ ﷲއަށް ކުރެވުނު ގުރުބާނީއެއްގެ ގޮތުގައި ބަލައިގަނެ، އޭނާ ވަސިއްޔަތްކޮށް އެދިވަޑައިގެންފައިވާ ފަދައިން އިރާގުގެ ހުރިހާމުސްލިމުން އެކަތިގަނޑަކަށްވެ، ފަލަސްޠީނުގެ ބިން މިނިވަން ވުމަށް އެދި ﷲއަށް ދުޢާކުރުން މުހިންމެވެ. މިދުޢާގައި ހުރިހާ މުސްލިމުން ބައިވެރިވުން ލާޒިމުވާނެއެވެ. ކޮންމެއަކަސް އެދުވަސް ހިނގައްޖެއެވެ. ދެން އެބޭފުޅާއެއް ނާންނާނެއެވެ. މުސްލިމުންގެ ވެރިރަށް ބަޣްދާދު ސުންނާފަތި ކޮށްލީއެވެ. އެތައް މުސްލިމުންނެއް ގަތުލްކޮށް ނައްތާލީއެވެ. ފަހެ، އެއީ، ފާއިތުވެ ހިނގައްޖެ އުއްމަތެކެވެ. އެބައިމީހުން ހޯދައިގަތްކަމެއް އެބައި މީހުންނަށެވެ. އެބައިމީހުން ކުރަމުން ގެންދިޔަ ކަންތަކާއި ތިޔަބައިމީހުންނާއި ސުވާލުކުރެއްވޭ ހުއްޓެވެ.
މީގެ ކުރިންވެސް އިސްތިޢުމާރުގެ ބާރުގެދަށުން، މިސްރުގައި ދަންޖައްސައި މަރާލެވުނު ޝަހީދު ސައްޔިދު ޤުޠުބަކީ ވެސް، އިސްލާމީ ވަންތަ ގައުމިއްޔަތެއް މުޅި ދުނިޔެއަށް ދިރުވައި ފެތުރުއްވެވި ބޭފުޅެކެވެ. ގަލަމާއި ދޫފުޅުންނެވެ. ﷲ މިބޭފުޅުންނަށް ސުވަރުގޭގެ ދާއިމީ ހިޔާވަހިކަން ތާއަބަދަށް ދެއްވާށިއެވެ. އަދި އެބޭފުޅުންގެ މަސައްކަތްޕުޅުތަކަކީ އަބަދަށް، ސަވާބު ލިބިލިބި ހުންނާނޭ ޞަދަގާތެއްގެ ގޮތުގައި ލައްވާށިއެވެ.
ފަހެ، ދަންނާށެވެ! މޮޅުވާހަކަތައް ދައްކަވައިގެން މަޝްހޫރުވެވަޑައިގަންނަވާ ރައީސުންނަށް، މިފަދަ އިސްލާމީ ގައުމިއްޔަތުގެ ޖިހާދާއި ކުރިމަތިލައްވަން ކެރިވަޑައިނުގަންނަވާ ހާލުގައި، އެފަދަ މަތިވެރި ގުރުބާނީތައް، ދީނަށާއި ގައުމަށްޓަކައި ވަގުފުކޮށް ހަދިޔާކުރާ ޝަޚުސިއްޔަތުތަކާ ދިމާއަށް ފާޑުކިޔުއްވައި މަލާމާތްކުރެއްވުމުގެ އެއްވެސް ޙައްގެއް ނޯންނާނެއެވެ. ހިނދުކޮޅެއްގެ ލީޑަރުންނަކީ، ފިނޑިންނެވެ. ގަނޑުފެންކޮޅެއް ފަދައެވެ. އޮފުގަދަވެފައި ދަޅައަޅާލެއް ވަރަށް ރީތި ވާނެއެވެ. ފިނިކަން ދާއިރަށް ވިރިހުސްވެގެން ހިނގައިދާނެއެވެ. ނެތްއެއްޗަކަށްވެ ވިރިގިރިގެން ހިނގައިދާނެއެވެ. ފަހެ، ނިކަން ކެރެންޏާ މައިދާނަށް ނުކުންނަވައި ޝަހީދުވެވަޑައިގެން ބައްލަވާށެވެ. ޝަހީދު ސައްދާމުގެ ހަށިކޮޅު އާދައިގެ ސަންދޯކެއްގައި އަނގަމަތި ޕިކަޕަކަށް ލައިގެން ދުއްވުމަކުން އޭނާގެ ގުރުބާނީތަކަށް ފުކެއްހާ މިންވަރަށްވެސް އަސަރެއް ނުކުރާނެއެވެ. އާދެ! އޭނާގެ ވަސިއްޔަތަކީ، ﷲ އަށްޓަކައި ޝަހީދުވެ، ގުރުބާންވި މުޖާހިދެއްގެ ގޮތުގައި އޭނާ ދެކެ ލޯބިވެ ތާޢީދު ކުރާބައެއްގެ ކޮނޑާއި އަތްމަތީގައި ޝަހީދެއްގެ ދަރަޖަ ލިބިގެން ފަސްދާނުލެވި، ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރުމެވެ. ޝަހީދު ސައްދާމުގެ އެންމެ ފަހު ބަސްފުޅަކީ، ފަލަސްޠީނު މިނިވަންވުމެވެ. ޝަހާދަތުގެ ދެކަލިމައެވެ. އެންމެ ފަހުގެ ޖުލްމައަކީ، ﷲ އަކުބަރް އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ މަތީ ﷲއެވެ. ޝަހީދު ސައްދާމުގެ ފުރާނަފުޅަށް ސުވަރުގޭގެ ހިޔާވަހިކަން ތާއަބަދަށް ދެއްވަށިއެވެ. އާމީން!
ނޯޓް: އަޅުގަނޑުގެ މިމަޒުމޫނުގެ ބޭނުމަކީ، ޝަހީދު ސައްދާމުގެ ހުރިހާ މަސައްކަތްޕުޅެއް ތާހިރުކޮށްއެވަރުގެ ދެވަނައެއް ނެތްކަން ދެއްކުމެއް ނޫނެވެ. ޝަހީދު ސައްދާމަކީ، ސެކިއުލަރ ސަރުކާރެއް، ވަރަށް އަރަބިންގެ ފާޑަށް ހިންގި ޚުދުމުޚްތާރު ގޮތްތަކެއް ގެންގުޅުއްވި ވެރިއެކެވެ. އެހެނަސް އޭނާގެ ޒަޢާމަތުގެ މިފަރާތަށް ނަޒަރުކޮށްލުމަކީ ވެސް އޮތް ކަމެކެވެ. ވަރަށް ބޭނުންތެރި ކަމެކެވެ. މައްސަލައަކީ އެވަރުކޮށްލަ ދޭން ކެރިވަޑައިގެންނެވި ޒަޢީމަކު އިސްލާމީ ދުނިޔޭގައި ނެތްކަމެވެ. އާދެ! އަނދިރިކަމަކުން ކިތަންމެކުޑަ އަލިކަމެއް ފެނިލިޔަސް އެކަމެއްގެ އަގު އެންމެފުރިހަމަ ގޮތުގައި ވަޒަން ކުރަން ޖެހޭނެއެވެ. ފަހެ، މިކަން އެންމެ ޙައްގު ގޮތުގައި، ފާހަގަ ކުރެއްވީ، ލީބިޔާގައި އެގައުމުގެ ޒަޢީމު މުއައްމަރުލް ގައްޒާފީއެވެ. މިކަމުގެ ތައުބީނުގައި އަސަރާއި އިހުސާސްތަކުގެ އަގު ކުރެއްވި ހަމައެކަނި ލީޑަރަކީ ލީބިޔާގެ ގައްޒާފީއެވެ. ﷲ، އޭނާއަށް ރަޙުމަތް ލައްވާށިއެވެ! އާމީން!