އަށްޑުވަސް: މިހާރު ގާނޫނުއަސާސީ ކުރިޔަށްދާ ގޮތާމެދު ކީކޭތޯ ވިދާޅުވަނީ؟
ޖަވާބު: ގާނޫނުއަސާސި ކުރިޔަށްދާގޮތާ މެދުގައި، އަޅުގަނޑުގެ އަމިއްލަ ވިސްނުމަށް ފެންނަނީ، ވަކިމީހެއްގެ ނުފޫޒު އޭގެތެރޭގައި ވަރަށް ބާރަށް، ވަރަށްބޮޑަށް ހިމެނިގެން ކުރިޔަށްދާހެން. ޚާއްސަކޮށް، މިވަގުތުހުންނެވި ރައީސްގެ ނުފޫޒުއޭގައި ވަރަށްގަދަ. އެއީ އަޅުގަނޑަށް ވިސްނޭގޮތުގައި ގަވައިދަށްވުރެ ބޮޑަށް އޭނަގެ އަމިއްލަ ހީލަތާއި ޓްރިކްތަކުން، މީތި ތަޅުވަމުން، ކޮންޓުރޯލް ކުރެވެމުން މިދަނީ. ޚާއްސަކޮށް އިދިކޮޅު ލީޑަރުންގެ ގޮތުގައި އިސްކޮށް މިތިއްބަވާ ބޭފުޅުން ވަރަށް ބޮޑަށް ބައްލަވާމީހެއް މަވަގުތު ރައީސަކަށް މިހުންނެވީ.
އަށްޑުވަސް: ތިވިދާޅުވާހެން ޚާއްސަ މަޖިލީހުގެ ރައީސް އަމިއްލަގޮތްތަކެއް ޚާޢްސަމަޖިލީހުގައި ގެންގުޅުއްވާކަމަށް ވަންޏާ މީގެން ނުކުމެދާނެ ކަމަށް ގަބޫލުކުރެވޭ ނުރަނގަޅު ނަތީޖާއެއް އެބައޮތްތޯ؟
ޖަވާބޫ: އޭގެއިން ދިމާވާނެ މައްސަލަތައް، މިހާރުވެސް ކޮންމެވެސް ވަރަކަށް ހިލިގެން އެބަދޭ ތަޅުމަށް. ޚާއްސަކޮށް، ޑުރާފްޓިން ކޮމެޓީގެ ފަރާތުން، ޑުރާފްޓިން ކޮމެޓީގެ މުގައްރިރު އެނަންގަވާ ނުކުތާތަކުން، ވަރަށް ސާފުކޮށް އެކަން ދޭހަވެގެންދޭ. ހާމަވެގެންދޭ. އިދާރީ ގޮތުން ބަދަލު ކުރަންޖެހޭ އެތައް ކަންތައްތަކެއް ފަހުން އަންނާނެކަމަށްވޭ. މިހާރުވެސް އެބަހުރި އެމީހުންނަށް ފާހަގަ ކުރެވިފައި. އެހެންވީމަ އެވިސްނުމަށް އެމީހުންނަށް ޖެހޭނެ އެޖެސްޓުކޮށްލަން. ކަންތައްތަކެއްތަރުތީބު ކުރަން. އެހެނީ، އެކިދުވަސް ދުވަހު އެމަސްރަހުގެ އޮއިވަރު ހުންނަގޮތަކަށް ބައެއްކަންތައްތައް އެބަދޭ ނިމިގެން. އެހެންވީމަ އެޖެހެނީ، ޑުރާފްޓިން ކޮމެޓީގެ ދަށުން ވަކިގޮތަކަށް ހަމަޖައްސަން. ތަރުތީބުންރާވާލަން.
އަށްޑުވަސް: މިހާރު އެންމެގަދަޔަށް ހޫނުކޮށް ބަހުސް ކުރެވޭ މައުޟޫއަކީ، މިއިސްލާހު ކުރެވޭ ގާނޫނު އަސާސީއަކީ، އާގާނޫނު އަސާސީއެއްތޯ ނުވަތަ އިސްލާހުކުރެވޭ އެއްޗެއްތޯ ކުރެވޭ ބަހުސެވެ. އިލްޔާސް ކޮންގޮތަކައްތޯ ދެކިލައްވަނީ؟
ޖަވާބު: ޝައްކެތްނެތް އަޅުގަނޑަކީވެސް ކިޔަވާ ނިމިގެން ރާއްޖެ އައިސް، މިރާއްޖޭގެ ސިޔާސީ މަސްރަހުގަ އުޅެން ފެށީއްސުރެ، މިއެއްޗެހިތައް މުޠާލިޔާކޮށް އުޅޭމީހެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަވާރަ ސަތޭކަބައްތިރީސް ވަނަ އަހަރު، ޝަމްސުއްދީނު ރަދުން، 22 ޑިސެމްބަރުގަ، އެކަނޑައެޅުއްވި އަސާސީ އިސްލާހު ކުރެވެމުން މިހާތަނަށް މިއަންނަނީ. އެޔާދޭތެރޭގަ އެއްވެސް ޝައްކެތްނުކުރަން. އިސްލާހު ކުރެވެމުން ދެމެމުން އަންނަ ގާނޫނު އަސާސީއެއްމީ. މައްސަލައަކީ، އެހެންނަމަވެސް އެވަގުތެއްގަ ނިމިފަ އޮންނަގޮތް، ދެބަނޑޭރިގަނޑުގެ ތެރޭގަ އެއޮންނަ މާއްދާތައް، އެއީ އަސްލަކީ. އެއީ އެންމެފަހުގެ އަމަލު ކުރެވޭ އެއްޗަކީ. އެމާއްދާތައް ވެގެންދާނީ، ވަކިނައްޞުތަކަކަށް. މުޅިން ވަކިއެއްޗަކަށް ވާނީ. ވަކި މުސްތަގިއްލު މާނަތަކެއް ދޭހަވާނީ. އަދި އަމުދުން އޭގަ، މިއަދުންފެށިގެން، ކުރީގެ އަސާސީތައް މަންސޫޚު ވީއްޔޭ، ނުވަތަ ބާތިލު ވީއްޔޭ ލިޔެވިއްޖެއްޔާ، ދެން ވަކިފޮތެއްގެ ގޮތުގަ އޭތި އޮންނާނި، އަދި، މާނަކުރެވެން ޖެހޭނީ. އަޅުގަނޑުގެ އަމިއްލަގޮތުން ޒާތީވިސްނުމުގެ ފެންވަރުގާ، އަޅުގަނޑަށް ވިސްނިފަ އޮންނަ ގޮތަށް މިދެންނެވީ. އަޅުގަނޑުގެ އަމިއްލަ ވިސްނުން މިއީ. ދެން ވިސްނާލަން އޮތީ، އެއްވެސް އިލާހީ ޝަރީއަތެއް ބާއްވާލައްވާފަ އެއްނެތް، އޭގެ ކުރިން ހިނގާފައޮތް، އެއްވެސް ކަމެއް އެޝަރީއަތުގެ ދަށުން ތަންފީޒު ކުރެވޭގޮތަކަށް. ހަމަ އެކަނި މިގައުމުގަ އެކަހަލަ ބައެއްކަންތައްތައް ފެނިފަ އެބަހުރި. ބަޔަކު ހައްޔަރުކޮށްފަ ބައިތިއްބައިގެން އަވަސް އަރުވާލާފަ ޓެރަރިޒަމް ގާނޫނު ހެދިއިރު، މާއްދާއެއް ލިޔެފަވޭ، މީގެކުރިން ހިނގާފަހުރި ހުރިހާ ކަންތައްތައް މިގާނޫނުގެ ދަށުން ތަންފީޒު ކުރެވޭނެޔޭ. މީބޮޑުގޯހެއް. ގާނޫނީ އިލްމުގަ ނެތްކަމެއް. މުޅިން އޮޅުވާލުމެއް. ޝަރުއު ތަކުގެ އަސްލާ ޚިލާފު ކަމެއް. އެހެންވީމަ އަޅުގަނޑު ދެކޭގޮތުގައި އެއްވެސް ފަރާތެއް ނުވަތަ އެއްވެސް ޒާތެއް ފަހުން، ހެދޭ ގާނޫނަކުން، ކުރިޔާލަ ބަނދެވިގެން ނުވާނެޔޭ. އޭގެ މާނައަކީ، ފަހުން ހެދޭ ގާނޫނަކުން، ކުރީގެ ކަމެއް ބަނދެފަ އޮވެގެން ނުވާނެޔޭ. އެހެންވީމަ ގާނޫނު އޮންނަންޖެހޭނީ، އެއްވެސް މީހަކަށް، އެއްވެސް ފަރާތަކަށް، އެއްވެސް ޒާތަކަށް ސީދާކޮށް ރައްދުނުވާ ގޮތަށް. ވަރަށް ޠާހިރު އެއްޗެއްގެ ގޮތުގަ. އޭގެ ދަށުން ހިނގަންޖެހޭނީ، އޭގެ ފަހުން އުފެދި، ވުޖޫދަށް އަންނަ، ކަންތައްތައް. އޭގެ ފަހުގެ، މައްޗަށް ބިނާކޮށް، އެގާނޫނެއް ތަންފީޒުވާން ޖެހޭނީ. މިގޮތަށް، މިކަން ހިނގަން ވާނީ. ކުރިން ހިނގާފަ އޮތްކަމެއް މިގާނޫނު އަސާސީގެ ތެރެއަށް ވައްދަންޏާ، މިސާލަކަށް އަޅުގަނޑުމެން މިބުނަނީ، އިސްލާހު ވަމުން އަންނަ ގާނޫނު އަސާސީއެކޭ، ދެމެމުން އަންނަ އަސާސީއެކޭ، އަދި އެންމެ ފަހުން އައިސް ނިމޭއިރު، އެ ފެންނަން އޮންނަ އެއްޗަކީވެސް، އިސްލާހުވާ ގާނޫނު އަސާސީއެއް ކަމަށޭ މާނަ ކުރެވެން ޖެހޭނީ. އެގޮތަށް މާނަ ކުރެވެންޏާ، މިސާލަކަށް 238 ވަނަ ޖަލްސާގަ އެފާސްވި ފާސްވުން، 66 ވޯޓުލިބިގެން އެފާސްވި ފާސްވުން އެއީ، ރައީސުލް ޖުމްހޫރިއްޔާގެ ބާބުގެ 2 ވަނަ މާއްދާގެ (ހ). އެއަށް ހުށަހެޅުނު އިސްލާހެއް. އެއީ ޑީއާރުޕީއަށް ނިސްބަތްވާ ވަރަށް ގިނަ ބޭފުޅުން، އެހުށަހަލުއްވާފަ އޮތީވެސް. އަދި ތާއިދު ކުރައްވާފަ އޮތީވެސް އެފާޓީގެ ވަރަށް ގިނަބޭފުޅުންވެގެން. އަޅުގަނޑު ތަޅުމުގަ އެއަށް ނަންދިނީ، “ބޮޑުއިސްލާހު” ގެނަމުން. އޭގެ ނަތީޖާ އަކަށްވީ، 66 ވޯޓުން އޭތި، އެއިސްލާހު ފާސްވެގެން ދިއުން. އޭގަ ބުނެފަ މިއޮންނަނީ، މިގާނޫނު އަސާސީގެ ދަށުންނޭ ކިޔާފަ. އެމާއްދާ ފެށިފަ މިއިންނަނީ އެގޮތަށް. އެހެން ބުނެފިއްޔާ އޭގެ މާނައަކީ، މި ގާނޫނު އަސާސީގެ ދަށުން، ކުރިމަތި ލެވިދާނެޔޭ. ގުޅިގެން، ދެމެމުން ލާމެހިގެން އަންނަ ގާނޫނު އަސާސީއެއް ވެއްޖެއްޔާ، މިހާރުވެސް އެފަރާތް އެހެރީ ކުށްވެރި ވެފާ. ދެދައުރަށްވުރެ ގިނައިން ވެރިކަން ކޮށްގެން. ޝަރީއަތް ކުރަންޖެހިފާ އެހުރީ. އެހެން ނޫންތޯ! ޚާއްސަކޮށް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ، މިހާރު އެހުންނެވީ، ޗޭނެއްހެން ގުޅިގެން އަންނަ ގާނޫނު އަސާސީއެއް ވިއްޔާ، އޭނާ އެހެރީ، ދެ ދައުރަށް ވުރެ ގިނައިން ވެރިކަން ކޮށްފަ. ދެން އިތުރު ދައުރަކަށް ކުރިމަތިލާން ވެއްޖެއްޔާ، އޭނަޔަށް ޖެހޭނީ، ދެދައުރަށް ވުރެ ގިނައިން ވެރިކަން ކޮށްފަ ވާތީ، އެކަމުގެ އުގޫބާތް ދޭން. އެއީ އޭނައެހެރީ މިހާރު ދެދައުރަށް ވުރެ ގިނައިން، ވެރިކަން ކޮށްފަ. ދެމިގެން އަންނަ އަސާސީއެއް ވިއްޔާ މިހެން ބުނެވިދާނެ. އެހެނަސް އެއީ، ކުރިން ކޮށްފަ އޮތްކަމަކަށް ވާތީ، މިގާނޫނު އަސާސިގެ ދަށުން ހުކުމެއް ތަންފީޒެއް ނުކުރެވޭނެ ކަމެއްނޫން. ކުރެވިގެން ނުވާނެ ކަމެއް.
އަށްޑުވަސް: އެހެންވީމަ ތިޔަ ވިދާޅުވަނީ، މިގާނޫނު އަސާސީގެ ދަށުން، ރައީސް މައުމޫނަށް ރައީސް ކަމުގެ އާދައުރަކަށް ކުރިމައްޗެއް ނުލެވޭނެޔޭތޯ؟
ޖަވާބު: މިހާރު އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، މިހާރު މި ގާނޫނު އަސާސީގަ، މިބުނަނީ، މި ގާނޫނު އަސާސީގެ ދަށުން، ދެދައުރުގަ ވެރިކަން ކޮށްފަހުރި މީހަކަށް، އިތުރު ދައުރަކަށް ކުރިމައްވެއް ނުލެވޭނެޔޭ. އަޅުގަނޑު މިބުނަނީ، ފުރަތަމަ އޭނަޔަކީ، ދެދައުރަށް ވުރެގިނައިން ވެރިކަން ކޮށްފަ ހުރިމީހަކަށް ވާތީ، އޭނާގެ މައްޗަށްވީ، ޝަރީއަތް ކުރަންށޭ. ދައުވާ އުފުލާށޭ. އެއީ، މިއީ، ދެމިގެން އަންނަ އަސާސީއެއް ވިއްޔާ އޮތްގޮތެއް. ވާންޖެހޭނެ ގޮތެއް. މިހާރު އޭނަޔަކީ، ދެދައުރުގަ ވެރިކަން ކޮށްފަހުރި މީހެއް. މީގަ އެބަބުނޭ ދެދައުރުގަ ވެރިކަން ކޮށްފަހުރި މީހަކަށް، އިތުރު ދައުރަކަށް ކުރިމައްޗެއް ނުލެވޭނެޔޭ. މީ ވެސް ކުރެވިދާނެ މާނައެއް. އެކަމަކު ބެލެވޭނި އަލަށް ތަސްދީގު ކުރެވޭ މިގާނޫނު އަސާސީގެ ދަށުން އަދި ދެދައުރު އެނާ، ނުނަންގަވާ ކަމަށް.
އަށްޑުވަސް: ކުރިން އަޅުގަނޑު ކުރި ސުވާލަށް އަލުން ދާނަން. މީ އިސްލާހު ކުރެވޭ ގާނޫނު އަސާސީއެއްތޯ، ނޫނީ އާގާނޫނު އަސާސީއެއްތޯ؟
ޖަވާބު: އަޅުގަނޑު އޭގަ ދަންނަވާނީ، “މިގާނޫނު” އަސާސީ މާނަ ކުރުމުގާ، މީ މިވެނި ތާރީޚަކުން ފެށިގެން، ތަސްދީގުކޮށް، އަމަލުކުރެވެން ފަށާ ވަކި އަސާސީއެކޭ އޭގަ ލިޔެފިއްޔާ، ކުރީގެ އަސާސީ އަކީ، މަންސޫޚުވެފަ އޮތް އެއްޗެއް. ނެތް އެއްޗެއް. އެހެން ނަމަވެސް، އެއަންނަނީ، އިސްލާހު ކުރެވެމުން ކަމާ މެދު ޝައްކެތްނެތް. އެހެންކަމުން ފަހުގެ ނިމޭއެތި، ބެލެވެން ޖެހޭނީ، ވަކި ފޮތެއްގެ ގޮތުގައި. މީ އަޅުގަނޑުގެ ނިންމުން.
އަށްޑުވަސް: އިލްޔާސަކީ، މިދެންނެވިހެން ސިޔާސީ މައިދާނުގަ އާ ބޭފުޅެއްނޫން. ވަރަށް ކުރީއްސުރެ ސިޔާސީ މައިދާނުގަ އެކިގޮތް ގޮތުން ހަރަކާތްތެރި ވެފައިވާ ބޭފުޅެއް. ސަރުކާރުގަ އުޅުއްވިއިރުވެސް. އެންމެ އުނދަގޫ އެންމެބޮޑު ޗެލެންޖަކާ ކުރިމަތިވީ ކިހާ ހިސާބަކުންތޯ؟
ޖަވާބު: ހަމަ ވަރަށް ކުރީކޮޅު، އޭރު އޮންނަ ގޮތަކީ، އަޅުގަނޑުމެން ކިޔަވައިގެން މާލެ އައި ދުވަސްވަރު އެއީ. އަޅުގަނޑުމެން އޭރަކު އެދޭކަށް ނުޖެހޭ، ވަޒީފާއަކަށް. އޭރު ސަރުކާރުން އަޅުގަނޑުމެން ގެންދަވަނީ. އެގޮތުން، ހަމަ އަޅުގަނޑު މާލެ އައިތާ ދެވަނަދުވަހު ރައީސް އޮފީހުން ގުޅާފަ ވަޒީފާ ވަރަށް އަވަހަށް ހަމަޖައްސައިދީފި. އަޅުގަނޑުމެން ސިޓީލައިގެން އެދޭކަށް ނުޖެހޭއޭރަކު. ވަދެ ސަރުކާރުގަ އުޅެންފެށުމާއެކު، އެންމެ ފުރަތަމަ ވެސް ފާހަގަވީ، އަޅުގަނޑުމެން އަމިއްލައަށް ހަދާ ގާނޫނުތަކާ އެއްގޮތަށް، އަޅުގަނޑުމެންނަށް ކަންކަން ނުހިންގޭކަން. ގަވާއިދުއޮތްތާ ބާއްވާފަ، ކޮންމެވެސް އެހެން ގޮތަކަށް ކަންތައްތައް، މުއާމަލާތުތައް ކުރަން މިޖެހެނީ. އެތާށިކަން އަޅުގަނޑަށް އިހުސާސް ކުރެވިފަ އެންމެކުރީއްސުރެ އޮތީ. ފަހުން އެކަހަލަ ކަންތައް ބޮޑުވަމުން، ބޮޑުވަމުން ގޮސް ބޮޑުކަންތައް ގަޑަކަށްވީ.
އަށްޑުވަސް: އިލްޔާސް އެންމެފުރަތަމައި ނުންވެސް، އެޓޯލްސްގަތޯ މަސައްކަތް ކުރަންފެއްޓެވީ؟
ޖަވާބޫ: އަޅުގަނޑަށް ވަޒީފާއެއް ލިބުނީ، އިސްލާމީ މަރުކަޒުން. އެތާނގެ މުސާއިދު އަމީނުލް މަކްތަބާކަން.
އަށްޑުވަސް: ދެން އެއަށްފަހު؟
ޖަވާބު: ދެން އެއަށްފަހު، އެޓޯލްސް އަށް. ދިމާވި ސިޔާސީ އޮއިވަރެއްގަ މަޝްހޫރު ކެސެޓްރޯލް ސަޓޯ/އިލްޔާސް މައްސަލަ. އަދި “މަންތިރި” ސިޔާސީ މަޖައްލާގެ މައްސަލައިގަ ބަންދުވެފަ، ދެން އޭރު ކަންތައް ދިމާވިގޮތުން، އިދާރީގޮތުން ކަމެއްނޭގެ، އަޅުގަނޑާއެކު ބަންދުކުރި އެހެން މީހުން ސަރުކާރުގެ ވަޒީފާއިން، ވަކިކުރެއްވި ކަން ޖަލުގައި ތިއްބާ އެންގެވި. އެ އެންގެވި އިރު އަޅުގަނޑުއޮތީ، ވަޒީފާއިން ވަކިކުރެއްވިކަން ނުއަންގަވާ. އެހެންވެ އަޅުގަނޑު ދޫކޮށްލި ދުވަސްނޫން އަނެއްދުވަހު، ރައީސް އޮފީހުން ގުޅާފަ އެންގެވީ، އެޓޯލްސްއަށް ނުކުންނަން. ޗިޓެއް ނުފޮނުއްވަވާ. އެނުކުތް ގޮތަށް އެޓޮލްސްގަ ހުއްޓާ ރައްޔިތުންގެ ޚާއްސަ މަޖިލީހަށް 2004މ، ގަ ހޮވުނީ. ފުރަތަމަ ޖަލްސާގަ ދިމާވި، ގާނޫނު މާނަކުރުމުގެ ޚިޔާލުތަފާތު ވުމެއްގާ ދެބަސްވެގެން، ރަނގަޅުގޮތް ހޯދުމުގެ މަގްސަދު ގައި އެމައްސަލަ ކޯޓަށް ވެއްދުމާގުޅިގެން ހައިރާން ކުރުވަނި ގޮތަކަށް، ތިންމަސް ދުވަހުގެ ނޯޓިސެއް ދެއްވީ. ނޯޓިސްގެ މުއްދަތު ހަމަކޮށް ކަނޑާލީ ދޫނިދޫ ޖަލުގަ ބަހައްޓައިގެން.
އަށްޑުވަސް: އެހެންވީމަ އެދިޔަ ދުވަސް ވަރުގައި އިލްޔާސް ސަރުކާރުގަވެސް، އެޓޯލްސްގަވެސް މަސައްކަތް ކުރެއްވީ، ވަރަށް ގިނަ ދުވަސްތަކެއް އެއްވެސް މާބޮޑު މަސައްކަތެއްނެތި ހަމަ އެހެން ހުންނަންޖެހުނު ކަމަށް އެބަ ދެކެވޭ އެއީ ކީއްވެތޯ؟
ޖަވާބު: ބައެއް ދުވަސްވަރު އެހެންދޭ. އަދި ޚާއްސަކޮށް ރާއްޖެތެރެއަށް، ނުވަތަ ބޭރަށް ގޮއްސަ އަންނަ ދުވަސްވަރު، އިށީންނަ ގޮނޑިޔާމޭޒުވެސް ނެތިދޭ. އެއްވެސް މަސައްކަތެއް ނެތިވެސްދޭ. އަނެއްބައި ދުވަސްވަރު ވަރަށް ގަދަކޮށް ސެކްޝަންތަކުގެ ހެޑެއްގެ ގޮތުގަ، ހަމަ ވަރަށް ޒިންމާދާރުކޮށް، މަސައްކަތްކުރަން ދިމާވޭ. އަދި، އަޅުގަނޑުގެ ރަސްމީ ފޯނު، އެއް އިންޗީގެ ޖާސޫސު ކުރަންބޭނުންކުރާ ވަށްތަރުގެ ކުޑަކުޑަ ޓްރާންސް މީޓަރެއް ހަރުކޮށްގެން އަޑު އެހިކަމާ، އެކަންފަޅާ އަރާފަ ވެސްވޭ. އޭގަ މިހެން އުޅޭއިރު ދިމާވާ އެންމެބޮޑު މައްސަލައަކީ، ހަމަ، އޮންނަ ގަވާއިދަށް ނޫން އެހެން ގޮތްގޮތަށް ބައެއްކަންތައްތައް ކުރަން ޖެހޭ ދަނޑިވަޅު، އަމިއްލަ ޚިޔާލު އެކަމަށް ދެވޭތީ، ގޯސްވާގޮތްވަނީ. ނުރުއްސަވާ ދުވަސްވަރު އަންނަނީ. އެހެންނަމަ ވެސް ގިނަ ކަންތައްތައް ކުރަން ހުންނަނީ، ވެރިފަރާތުން އިސްކޮށް ހުންނަވާ ބޮސް، މިނިސްޓަރު ވިދާޅުވީމާ ކޮށްލަން ޖެހޭ ގޮތަށް ހުންނަ ކަންތައްތައް. އަޅގަނޑުގެ ޠަބީއަތްހުންނަ ގޮތުން، އަޅުގަނޑުގެ ޚިޔާލު ކޮންމެކަމަކަށް ވެސް ދެވޭ. އެހެންވީމަ އެކަންތައް ވަނީ އުނދަގޫ ބޮޑުކަމަކަށް.
އަށްޑުވަސް: މިހާރު އިލްޔާސް ތިހުންނެވީ. އދ.ޚާއްސަ މަޖިލީހުގެ މެމްބަރެއްގެ ގޮތުގަ. ކުރިޔަށް އޮތީ ޚާއްސަމަޖިލީހުގެ ޒަމާން ދެން ނިމުމަކަށް އަންނަނީ. ދެން ޚާއްސަ މަޖިލީހެއް ހިޔެއްނުވޭ ގާނޫނު އަސާސީ އިސްލާހު ކުރެވިގެން އެއޮތްގޮތަށް އޮވެއްޖެއްޔާ އަންނާނެ ކަމަކަށް. އިލްޔާސް ގަސްދު ކުރައްވަންތޯ މިއަންނަ ފަހަރު އިންތިޚާބުގަ އދ.ގެ ރައްޔިތުން މަޖިލިސް މެމްބަރެއްގެ ގޮތުގައި ކުރިމަތި ލައްވަން؟
ޖަވާބު: އަޅުގަނޑުގެ ޚިޔާލު އަދިހުރީ އެހެންކަހަލަ ގޮތަކަށް. މިހާރު މުޅިން އާ ޕޮލިސީތަކާ، ގާނޫނުތަކާ، ގަވާއިދުތަކާ، އެއްޗެހި މިދަނީ ހެދި، ގާނޫނު އަސާސީވެސް މިހާރު އެއޮތީ، މުޅިން އަލަށް އާ ގޮތްތަކަކަށް ޑުރާފްޓު ކުރެވިފަ. ކުރިޔަށް އޮތްތާގަ ސިޔާސީޕާޓީތައް މެދުވެރިކޮށް ކަމަށް ބެލެވެނީ، މަޖިލީހުގެ ގޮނޑިތަކާ އެއްޗެހި ހަމަޖެހި ބެހިގެންދާނީ. އެހެންވީމަ މަލްޓިޕާޓީ ޕޮލިޓިކްސް ކުރިޔަށް އޮތްތާގަ ހިނގާނީ. އެހެންވުމުން އަޅުގަނޑު އަދި މިވަގުތު މިހުރީ އެއް ވެސް ސިޔާސީޕާޓީ އަކަށް މާބޮޑަށް ނުލެނބި. އަޅުގަނޑަކީ، ސިޔާސީ ދާއިރާގަ ވަރަށް ގަދަޔަށް، ހަރަކާތްތެރިވާ މީހެއް. ރާއްޖޭގެ ފުރަތަމަ ސިޔާސީޕާޓީ އެމްޑީޕީ އުފެދިގެން އައިއިރު ވެސް، އަދި އެ ޕާޓީ، ބިމުއަޑީގަ އޮތްއިރުވެސް، އޭގަ ހަރަކާތްތެރިވެ، އެންމެ އިސްކޮށް އުޅުނު އެކަކު. އެހެންވީމާ، ދެން މިހާރު މިއުފެދިގެންދާ، ސިޔާސީޕާޓީ ތަކުގެ ތެރެއިން، އަޅުގަނޑަށް ގަބޫލުކުރެވޭ ރަނގަޅު ޕޮލިސީތަކެއްހުރި، ސިޔާސީޕާޓީތައް އެބަހުރި. އެހެންވީމަ އެއިން ޕާޓީއަކާ އަޅުގަނޑު ގުޅޭނަން. ގުޅިގެން އެޕާޓީން ނިންމާ ގޮތެއްގެ މަތީން، ގޮނޑިއަކަށް ކުރިމަތި ލުމުގެބައި ކުރިއަށް ގެންދަން އަޅުގަނޑު ގަސްތުކުރަނީ. އަދި އަޅުގަނޑު ނިންމާފައެއް ނެތް، ކުރިމަތިލާނީ ކޮން ދާއިރާއަކަށް ކަމެއް.
އަށްޑުވަސް: ދެން ޕާޓީތަކުގެ ވާހަކަ ދެއްކެވީމާ، އަޅުގަނޑު ހިތަށް އަރާ އިލްޔާސް، ޑރ.މުހަންމަދު ވަހީދުގެ ޕާޓީއަކާ ކޮންމެވެސް ވަރެއްގެ ގުޅުމެއް އޮންނަކަމަށް، އެބަ ވާހަކަ ދެކެވޭ. ކިހާވަރެއްގެ ހަގީގަތެއްތޯ އެއީ، އެޕާޓީއާތޯ ގުޅެން ތިނިންމެވީ؟
ޖަވާބު: މިހާތަނަށް ވިސްނުނު ވިސްނުމުގަ ދަންނަވާނަން. “ގައުމީ އިއްތިހާދު” އެޕާޓީއަށް މިކިޔަނީ. އެއީ މިހާރު އުފެއްދުމަށް ހުއްދަ ދެއްވާފަ އޮތްޕާޓީއެއް. އެޕާޓީޏް މިހާތަނަށް އަޅުގަނޑަށް ލިބިފަހުރި މައުލޫމާތު ތަކާއި އެމީހުންގެ ޕޮލިސީ ލެވަލްގަ ކޮށްފައިހުރި މަސައްކަތްތަކާ ލިޔެކިޔުންތަކަށް ބަލާއިރު، ފުދޭވަރަކަށް އަޅުގަނޑަށް އެބަގަބޫލު ކުރެވޭ. ރުހެވޭ. ވީމާ އަޅުގަނޑު ކުރިޔަށް އޮތްތާގަ އަމަލީގޮތުން އުޅޭނީ އެޕާޓީގަ. އިރާދަ ކުރެއްވިއްޔާ.
އަށްޑުވަސް: ދެން ތިދެންނެވީ “ގައުމީ އިއްތިހާދޭ” ގައުމީ އިއްތިހާދުގަ ހަމަ އަޅުގަނޑަށް، ގައުމީ އިއްތިހާދުގަވެސް އަޅުގަނޑުމެންގެ ޒަމާންވީ އާދަކާދައިގެ ތެރޭގަ މިއޮންނަ އާއިލީ ކަންތަށް އެބައޮންނަ ކަމަށް، ކީކޭތޯ ގަބޫލުކުރައްވަނީ އޭގެތެރޭގައި އާއިލީ ދެފަރާތުގެ، އެއީ ވަހީދުގެ އާއިލާޔާ އެހެނިހެން އާއިލާތަކާ، މިކަހަލަ ކަންތަށްގަނޑެއް އެބަހިނގާކަން، އެބަ ގަބޫލުކުރެވޭ، ކިހިނެތްތޯ އިލްޔާސަށް ގަބޫލުކުރެވެނީ؟
ޖަވާބު: އަޅުގަނޑު ދެކޭގޮތުގަ ތިންވަނަ ދުނިޔޭގަ، މި އެތެރެވަރީގެ ކުދިކުދި ގައުމުތަކުގާ، އާއިލީ ކަންތައްތަކާ ނުގުޅި އެއްވެސް ކަމެއް ނުކުރެވޭނެ. އެއްވެސް ކަމެއް ނުހިންގޭނެ. އެހެންނަމަ ވެސް އޭގެ މުރާދަކީ، ނުވަތަ މަގްސަދަކީ، މުޅި އާއިލާ އެއްކޮށް ކަމެއް ކުރުމަށް އުޅުމެއްނޫން. އާއިލާ ތެރޭގަވެސް ސިޔާސީގޮތުން ވަކި މިންވަރަކަށް މީހާގެ ފެންވަރު ގޮސްގެންނޫނީ، މިކަހަލަ ސިޔާސީކަންކަމުގައި ހަރަކާތްތެރިއެއް ނުވެވޭނެ. އަދި ހަރަކާތްތެރި ވިޔަސް، ރައްޔިތުން އެކަމެއް ބަލައެއް ނުގަންނާނެ. މީ އެކާވީސްވަނަ ގަރުނު، މިގަރުނުގަ މިހިނގާ ކަންތައްތަކުގައި މީހުން ބަލައި ގަންނާނީ، މީހުންގެ ރުހުން ލިބޭނީ، އެމީހާގަ ވެސް ހަރުދަނާ ސިފަތަކެއް ހުރެގެން. މީހާ މީހަކަށް ވާތި. ވަކި އުސޫލުތަކެއްގެ މަތިން، ކަންތައްތައް ހަމަޖެހިފައި މިޒަމާނުގާ ހުންނާނީ. ހަމަ ތިމާގެ މީހެކޭ ކިޔާފަ މަގާމުތައް ދީގެން މިޒަމާނަކު ނުގެންގުޅެވޭނެ. ނުވެސް ދެވޭނެ. ރައްޔިތުންގެ ރުހުން ބޭނުންވާނެ. ތިވިސްނުން ފާއިތުވެ، މާޒީވެގެން މިހާރު ހިގައްޖެ. ދެނެއް އަބުރާ ނުގެނެވޭނެ. ހަމަ ތިމާގެ މީހެކޭ ކިޔާފަ ކާރީގާ ނުގެންގުޅެ ވޭނެ. އަދި ގެންގުޅުނަސް އެއަށް ތަބާވާނެ، ރުހޭނެ ރައްޔިތުން ހަމަގައިމު ވެސް ނުތިބޭނެ. އެހެންވީމަ، ވަކި، ހަމަޖެހިފަ އޮންނަ އުސޫލުތަކެއްގެ މަތިން ކަންތައްތައް ދާއިރު، ތިމާގެ މީހަކަށް ވިޔަސް އަދި އެހެން މީހަކަށް ވިޔަސް އެމީހާގެ ހަރުދަނާ އުސޫލުތަކެއްގެ މަތިން އުޅެންޏާ، އަދި ރައްޔިތުންގެ ރުހުން ލިބެންޏާ ކުރިޔަށްދެވޭނީ. އަޅުގަނޑު ދެކެނީ، އަދި ގަބޫލުކުރަނީ، އޭރުން އެކަންތައް އެއޮތީ، މުޅިން ރަނގަޅަށް ކަމަށް.
އަށްޑުވަސް: ކޮންމެ ގޮތެއް ވިޔަސް ޑރ.މުހަންމަދު ވަހީދު އިސްވެހުރެ މިޕާޓީ ހައްދަވާފަ މިއޮތީ، އެހެން ވެއްޖެއްޔާ މީގެ ކުރީގެ ތަޖުރިބާއަށް ބައްލަވާފަ، މަހަންމަދު ވަހީދު، މިދެންނެވި މާލެ މެންބަރުކަމުގަ ވެސް، ތަންކޮޅެއް ކުރިން ހުންނެވި، އޭރުގަ ދެން ސަރުކާރުގެ މިއޮށް އަނިޔާވެރިކަމާ ހެދި މަޑުނުވެގެ ރަށްދުކޮށްފަ ދާންޖެހުނީ ކުއްލިޔަކަށް، ހަމަދާންޖެހުނު ދިއުމެއް އެއީ، އެކަން ރައްޔިތުން ބަލައިގަތް. އެކަމަކު އެއަށްފަހު، އެމްޑީޕީގެ ރައީސްކަމާ ކުރިމަތި ލައްވައިގެން އޭގެން މިދެންނެވިހެން، އެފަހަރު އިބުރާ ކާމިޔާބުކުރެއްވީ، މުހަންމަދު ވަހީދު ކޮންމެވެސް ވަރަކަށް މަޑުކުރެއްވުމަށް ފަހު، އަނެއްކާވެސް ފުރައިގެން ދާގޮތަށް ދިމާވީ. އަނެއްކާވެސް މިހާރު މިއޮތީ ޕާޓީއެއް ހެދުމުގެ ތެރޭގަ ކިހާވަރަކަށް ރައްޔިތުންގެ އިތުބާރު ގައުމީ އިއްތިހާދުގެ ލީޑަރަށް އޮތްކަމަށް އިލްޔާސަށް ގަބޫލު ކުރެވޭތޯ؟
ޖަވާބު: ހަގީގަތުގަ މި ގައުމީ އިއްތިހާދަކީ އަދި އުފައްދަން މަސައްކަތްކުރާ ޕާޓީއެއް. މިޕާޓީގެ ނަމުގައި، އަޅުގަނޑަށް ވާހަކަ ދެއްކޭނެ އެއްވެސް ހައްގެއް އަދިއެއް ނެތް. އަޅުގަނޑަކީ، ހަމަ ހިތުގެ އަޑިން ގަބޫލުކުރެވޭ އުސޫލުތަކެއް އެޕާޓީން ފެނިފަ ހުރީތީ، ހަމަހުރި ގޮތަށް ތެދަށް ހުރިމީހެއް. އަދި އެއުސޫލުތަކަކީ، އެޕާޓީން ނިންމާ، ޕާޓީގެ އުސޫލުތަކެއް ކަމަށް ކަނޑައަޅާ ފާސްކުރެވިފަ ހުރި އުސޫލުތަކެއް ވެސްނޫން. އެހެންވެ އެއަށް ހިތްޖެހިގެން އެއަށް، އެހަމަތަކަށް މަސައްކަތްކުރާ މީހެއް. އަދި މިހާ ޅަފަތުގާ އަޅުގަނޑަކަށް އެއްޗެއް ދަންނަވާކަށް ނޭނގޭނެ. ޕާޓީ ހަރުދަނާވެ، ޕާޓީއަކަށް ވެ، ހިނގައިގަތީމަ، އުސޫލުތަކެއްގެ މަތިން ވިސްނާފަ ވަކިއެއްޗެއް ދަންނަވަން އިނގޭނީ. ހަމަ ގައިމުވެސް އެނައަކީ، މީހުން ރުހޭ ލީޑަރެއް. އެނަޔާ ގަބޫލުވާ މީހުން އުޅޭކަން އިނގޭ. މީހުން ލީޑަރުންނަށްވަނީ، ރުހި، ގަބޫލުވާ ގިނަމީހުން ތަކެއް ފަހަތުގައި ތިބޭތީ. ރައްޔިތުންގެ ލީޑަރުންނަކީ އާދަޔާ ޚިލާފު ބާރެއް ހުންނަ ބައެއް. ފައިސާއެއްނޫން މީހުން ލީޑަރުންނަށް ހަދަނީ.
އަށްޑުވަސް: ދެންމެ ދަންނަވައިފި، އެމްޑީޕީހެދުމުގެ ވެސް ވަރަށް އިސްކޮށް އުޅުއްވިވާހަކަ. ނޫނީ އެމްޑީޕީގެ މަސައްކަތުގަ އަޅުގަނޑަށްވެސް ކުރީކޮޅުގަ ފެނުނު، ވަރަށް ހަރަކާތްތެރިކޮށް، އިލްޔާސް އެކަމުގައި އުޅުއްވިތަން، ފަހުން ކަންތައްތަކެއް ދިމާވެ ހީނުކުރާކަހަލަ ގޮތްތަކެއް އޭގަ ފެނިގެން އައި، ކޮބައިތޯ އެމްޑީޕީން ނުކުންނަން ޖެހުނު މައިގަޑު ސަބަބަކީ؟
ޖަވާބު: މި ގައުމުގެ އިސްލާހީ ހަރަކާތުގާ އަޅުގަނޑަކީ، ވަރަށް ކުރީއްސުރެ އުޅެމުން އައި މީހެއް. ބޭރުން ކިޔަވައިގެން އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅުގަ މާލެ އައިގޮތަށް އައިސް މިއުޅެނީ. އަދި އަމުދުން އަޅުގަނޑުމެންނަކީ، ކިޔަވަން އުޅުނު އިރުވެސް ވަރަށް ސިޔާސީ މީހުން. އަޅުގަނޑުގެ މޮޓޯއަކީ ވެސް “އަހަންނަކީ، ސިޔާސީމީހެއް ޅެންވެރިއެއްނޫން” އޭރު، ކިޔަވަން އުޅުނު އިރުވެސް އުޅެވުމީ ވަރަށް ސިޔާސީ ހަރަކާތްތަކެއް ހިންގާހިސާބެއްގަ. ޕާކިސްތާނުގަ އުޅުނީ. އެތާގެ ކިޔަވާ ކުދިންނަކީ، އެކި އެކި ސިޔާސީޕާޓީ ތަކުގަ ހަރަކާތްތެރިވާ މީހުން. އެގޮތުން އަޅުގަނޑުމެން ކިޔެވި އިރުވެސް، އަޅުގަނޑު އުޅުނީ، ޕަކިސްތާނުގެ ސިޔާސީޕާޓީ އެއްގައި. އެޕާޓީއަކީ، “ތަހުރީކެ އިސްތިގުލާލު” ލީޑަރަކީ އެއަރމާޝަލް ރިޓަޔަރޑް އަސްގަރުޚާން. އެނަޔާ އެކުގަ ނަގާފަ ހުރި ފޮޓޯ ހުންނާނެ، އަޅުގަނޑުއަތުގަ. އަޅުގަނޑު ހުރީ، އެޕާޓީގެ ލައިލްޕޫރު، މިހާރު ފައިސަލް އާބާދުގެ ކިޔަވާ ކުދިންގެ ގޮފީގެ ސެކްރެޓަރީޖެނެރަލް ކަމުގެ މަގާމުގަ. އެހެންވީމާ އެދުވަސްވަރު ވެސް އަޅުގަނޑަކީ، ސިޔާސީ ކަންކަމުގައި ނަގާކިޔާ، އަމަލީގޮތުން އިސްކޮށްއުޅުނު މީހެއް. އެގޮތުގަ ހުރެ، މާލެ އައިސް މި އިސްލާހީ ހަރަކާތުގަ އަމަލީގޮތުން އުޅެމުންމިދަނީ. މިތާގަ ފުރަތަމަ، އުފެދުނު ސިޔާސީޕާޓީ އެމްޑީޕީ ތެރޭގަ ވަރަށް، ވަރަށް އިސްކޮށް އުޅުނިން. އެހެނަސް ރަސްމީކޮށް ރަޖިސްޓަރީކޮށް ނިމުނުތާ މާފަހުން، ވަކި ހިސާބަކުން، ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން، ތަންކޮޅެއް ފެއަށް، ފަހަތަށް ބެކްބެންޗަށް ޖެހިލީ. އެގޮތަށް ތިން އަހަރު ވަރަކަށް މަޑުކުރުމަށްފަހު، މިހާރު އަޅުގަނޑު، 2007 ޑިސެންބަރުގަ، މިހުރީ މުޅިން އެޕާޓީން ވަކިވެގެން.
އަށްޑުވަސް: އެދުވަސް ވަރުގެ ނޫސްތަކުން، ވަރަށް ގަދަޔަށް ފެނިގެންދިޔަ ފަލަސުރުޚީގެ ތެރެޔަށް މިވާހަކަތައް އަރައިގެންދިޔަ އިލްޔާސާ އެންމެބޮޑު މައްސަލައެއް ކުރިމަތިވީ، ޕާޓީގެ ޗެއަރޕާސަން މުހަންމަދު ނަޝީދު އަންނިއާ ޖެހުނު މައްސަލައަކުންނޭ. ކޮންކަހަލަ ކަމެއްތޯ މިދިމާވީ؟
ޖަވާބު: އަޅުގަނޑާ އަންނިޔާ މީ ހަމަ ވަރަށް ގުޅިގެން، އެކުގާ މިހަރަކާތުގައި އުޅުނު މީހުން. ޚާއްސަކޮށް އަޅުގަނޑުމެންގެ އުސްތާޒުންގެ ގޮތުގައި ދެކުނިން. ކޮލި ހަސަން މަނިކުއާ، ކަޅުހުރާގޭ ލަޠީފުއާ، މިކަހަލަ މީހުން. މިބޭފުޅުން ނަކީ، ވިސްނުންތޫނު ސިޔާސީ އުސްތާޒުން. މިބޭފުޅުންގެ ކާރިޔަށް އެއްކޮށް ވެސް ގޮސް ހަދަން. އަދި ވަކިން ވެސް ގޮސްހަދަން. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް އަޑުއަހަން ގޮސް އުޅެން. އެކުގަޔާ ވަކިން. އަދި ވަކިން އެބޭފުޅުންގެ ގެ އަށްވެސް ގޮސް އުޅެން. ހަސަން މަނިކު، އަޅުގަނޑަށް ވިދާޅުވާ ބަހެއް ހަދާން އެބަހުރި. “މިގެއިން އަބަދުވެސް އިލްޔާސަށް ސިޔާސީ ހިމާޔަތް ލިބޭނެޔޭ” ވިދާޅުވޭ. ދަންނަވަންޖެހެނީ، ދިމާވި މައްސަލައަކީ، ހަމަ ސިޔާސީގޮތުން ޚިޔާލު ތަފާތުވުން ތަކެއް އުފެދުން. އަޅުގަނޑަކީ ދީނީ މީހެއް. ރޫހާނިއްޔަތަށް ލެނބޭ މީހެއް. މާއްދީ މީހުންނާ ޚިޔާލު ތަފާތުވާނެ. ޕާޓީގެ ތެރޭގަ އޭރުވެސް އުފެދިފަ ހުރި ގަވާއިދުތަކާ، އެއްގޮތަށް ނުގެންދެވި، އަމިއްލަ ގޮތްތަކެއް ކުޑަކޮށް އިސް ކުރެވޭގޮތް ދިމާވީމާ، ޚިޔާލުތަފާތުވުން އުފެދުނީ. މި ޚިޔަލުތަފާތުވުން އުފެދުމާ ގުޅިގެން އަޅުގަނޑަށް، ހަމަ ދުރަށް ޖެހިލަން ޖެހުނީ.
އަށްޑުވަސް: ތި ވިދާޅުވަނީ، އޭރު ޕާޓީގަ ހުންނެވި މުހަންމަދު ނަޝީދު، ނޫނީ އަންނި އެބޭފުޅާ އެއަށް އަމިއްލަ ގޮތްތަކެއް ގެންނެވީތޯ؟
ޖަވާބު: އަޅުގަނޑު ގަބޫލުކުރަން ޕާޓީތެރޭގަ ހަމަޖެހިފަ އޮންނަ އުސޫލުތަކަށް ވުރެ ބޮޑަށް ބައެއް ކަންކަމުގައި، އަންނިއަށް އަމިއްލަ ގޮތްތަކެއް އިސްކުރެވިފަ ހުރިކަމަށް. އަޅުގަނޑަށް އެކަންތައް ފާހަގަ ކުރެވިގެން، އަޅުގަނޑު ޕާޓީއާ ދުރަށްދާން ޖެހުނީ.
އަށްޑުވަސް: ހަމަ އެދުވަސްވަރު އިވިގެން ދިޔަ ވާހަކައެއް މީގަ އިލްޔާސްގެ މަގާމުގެ ނުފޫޒު އޭރު، އަޅުގަނޑަށް ހީވަނީ، އިލްޔާސް އޭރު، އިންނެވި މަގާމަކީ، ރެޖިސްޓްރަރ ޖެނެރަލް ދެއްތޯ. އެ މަގާމުގައި ހުންނަވައިގެން އިލްޔާސްގެ މަގާމު ބޭނުން ކުރެއްވިއްޔޭ، އިލްޔާސްގެ ޅިޔަނަށް ރަނގަޅުގޮތް ތަކެއް ހައްދަވަން. މުހަންމަދު ވަހީދު ވެސް ކުރިމަތި ލައްވައިގެން އޭރު އުޅުއްވަނީ ރައީސް ކަމަށް. އިލްޔާސްގެ އަމިއްލަ މަސްލަހަތު އޭގަ އޮތީމަ، އެކަމަށް އިލްޔާސަށް މަސައްކަތް ކުރެއްވުނީޔޭ. އެހެންވީމަ އިލްޔާސް ވެސް ޕާޓީގަ ހެދިފަހުރި ގަވާއިދު ތަކަށް ތަބާނުވާކަމަށް މިވަނީ. ކިހިނެތްތޯ އިލްޔާސް ގަބޫލު ކުރައްވަންތޯ، ހެދިފަހުރި ގަވާއިދާ ޚިލާފުވިކަމަށް؟
ޖަވާބު: އެ އަޑު އެހެން އުޅޭނެ. އެއީ، ޠަބީއީ ކަމެއް. ކުޑަކުޑަ ގައުމަކަށް ވާތީވާގޮތް. އަޅުގަނޑު ބޭނުންނަމަ، އަޅުގަނޑަށް ބޭނުން ގޮތެއް ހެދޭނެ. އަޅުގަނޑު ނޫން ދެވަނަ މީހަކު އިސްކޮށް، އެތާނގެ ތެރެއަކު، އޮފީސް ތެރެއަކު ނީންނާނެ. ދާއިރާތަކުގެ މަގާމުތަކުގެ އިންތިޚާބަށާ، ގައުމީ މަޖިލީހުގެ ކަންތަކަށް ތައްޔާރު ވަމުން، އަޅުގަނޑުމެން ދިޔައިރު ކޮންކޮން މަގާމު ތަކެއްތޯ ހުސްކޮށް ހުރީ، ކުރިމަތި ނުލަނީ ކިތަށް މަގާމަށްތޯ. ކާކުތޯސިޓީލީ، އަދި ނުލާއޮތީ ކިތަށް މަގާމަށްތޯ އިނގޭނެ މީހަކީ ހަމަ އެކަނި އަޅުގަނޑު. އަންނި އަށް ވުރެވެސް ބޮޑަށް އެކަން އިނގޭނީ އަޅުގަނޑަށް. އަޅުގަނޑު އަންނިއަށް ތަފްސީލު ދެނީ. އަޅުގަނޑު، ޑރ.ވަހީދު އެވަގުތަށް، ގެންނަން ބޭނުންނަމަ، އަޅުގަނޑަށް އޮތް އޭނާ ގެނެވެން. ދާއިރާ ތަކުގެ މަގާމު ތަކަށް އަޅުގަނޑު ބޭނުންވާ އެތައްބަޔަކު ވޯޓަށް ނުގެންގޮސް ވެއްދުނީސް. އެރޭ ބާރަޖަހާ އިރަށް، މަގާމުތަކަށް ކުރިމަތި ލުމުގެ ސިޓީ ލުމަށް ދެވުނު މުއްދަތު ހަމަވަނީ. އޭރު ހުސްކޮށް ހުރި ހުރިހާ ސީޓުތަކަށް އަޅުގަނޑު ބޭނުންނަމަ، އެކި ދަންނަ މީހުންގެ ނަމުގާ ސިޓީހަދާލާފަ، އަޅުގަނޑަށް ވެއްދެން އޮންނާނެ. އެފުރުސަތު އޮތް ހުޅުވިފަ. އަޅުގަނޑު ބޭނުންނަމަ، އެގޮތަށް ހަދައިގެން، ޑރ.ވަހީދަށް، ވޯޓުދޭނެ މީހުން، ބައިވަރު ގައުމީ މަޖިލީހަށް ވެއްދުނީސް. އެކަހަލަ ގޮތަކަށް އަޅުގަނޑު، ޑރ.ވަހީދު ހޮވަން ބޭނުންވިނަމަ، އަޅުގަނޑަށް އެކަންތައް ކުރެވޭގޮތަށް އޮތީ. އަންނި އަށް ވުރެވެސް ބޮޑަށް، އެކަންތައް އިނގޭނީ އަޅުގަނޑަށް. ގޮފިތައް ރޭވިފަހުރި ގޮތާ، މިހާރު ކުރިމަތިލީ މީހުންގެ އަދަދާ، ކުރިމަތިނުލާ ހުސްކޮށް ހުރި ސީޓުތަކާ އެނގޭނީ ހުދު އަޅުގަނޑަށް. ވާގޮތަކީ މަގާމަކަށް އެންމެމީހަކު ސިޓީލާފަ އޮތިއްޔާ އޮޓޮމެޓިކުން، ވޯޓެއްނުލާ އެމީހަކު، ގައުމީ މަޖިލީހަށް ހޮވޭނެ. އެކަހަލަ އެތައް ދާއިރާތަކެއްގެ މަގާމުތައް ހުސްކޮށް ހުރިކަން އެނގޭނީ، ހަމަ އަޅުގަނޑަށް. ދެވަނަ މީހަކަށް ނޭގޭނެ. އަޅުގަނޑު އެންގީމަ އެހެންމީހުންނަށް އެނގޭނީ. އެހެންވީމަ އަޅުގަނޑު ބޭނުންގޮތެއް އެއިންތިޚާބުގާ ގަވާއިދާ ޚިލާފަށް، ހަދަން ބޭނުންނަމަ، ހެދޭގޮތަށް ވަރަށް ރީއްޗަށް އޮތް. އެހެން ނަމަވެސް އަޅުގަނޑު އޭރު ގެންދިޔައީ، އަޅުގަނޑުމެން ހަދާފަ އޮންނަ ގަވާއިދެއްގެ މަތިން. ލީޑަރަކީ، އަންނިއޭ. ވީމާ ލީޑަރެއްގެ ހައިސިއްޔަތުން އަންނި، އަޅުގަނޑަށް، އެ އަންގާގޮތަށް އަމަލު ކުރަމުން އަޅުގަނޑު ގެންދިޔައިން. ގަޑި ޖެހުމުގެ އިތުރަށް، ފަހުން އަޅުގަނޑަށް ބަލައިގަނެވިފަ ހުންނާނިވެސް، އަންނި ނިންމަވާފަ އެވިދާޅުވި ގޮތަކަށް. ކަމެއް ކުރިއްޔާ ކޮށްފަ ހުންނާނީ އެވިދާޅުވި ގޮތަށް.
އަށްޑުވަސް: ދެން އަނެއްކާވެސް މަޖިލީހުގެ މަސައްކަތްތަކަށް ކޮންމެވެސް ވަރަކަށް ޖެހިލާނަން، މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި މިހާރު އެދެކެވެނީ، އިންތިގާލީ ސަރުކާރުގެ ވާހަކަ ވަރަށް ވަރުގަދަޔަށް. އިންތިގާލީ ސަރުކާރުގެވާހަކަ ދަށްކަވާއިރު، އަޅުގަނޑުމެން ވަރަށްބޮޑަށް ބޭރުގެ އޯގަނައިޒޭޝަން ތަކަށް ޑިޕެންޑުވޭ. އެއީ އެބޭފުޅުން އޭގެތެރެއިން، ޔޫރަޕިއަން ޔުނިއަނުން ވަޑައިގެން ބޭފުޅުންގެ ތެރެއިން، އިސްކޮށް ހުންނެވި ރޮބެޓްއީވަން، އެބޭފުޅާ ވަރަށް ސާފުކޮށް ވިދާޅުވީ، އެބޭފުޅުންގެ ޕާސަނަލް ލެވަލްގަ ޓްރާންސިޝަނަލް ގަވަރމެންޓަކަށް ތާއީދު ނުކުރައްވަމޭ. އެހެން ނަމަވެސް، ޓްރާންސިޝަނަލް އުސޫލުތަކަށް ތާއީދު ކުރައްވާ ކަމަށް. ކިހިނެތްތޯ އިލްޔާސް ދެކިލައްވަނީ؟
ޖަވާބު: އަޅުގަނޑަށް ތިކަހަލަ ކަންތަކުގަ ބޮޑަށް ނަޒަރު ހިންގެނީ، އެގައުމެއްގެ ރައްޔިތުންގެ ވިސްނުން ހުންނަ ގޮތަކަށް. އަޅުގަނޑަށް ވިސްނުނު ގޮތުގާ، “ރައީސުލް ޖުމްހޫރިއްޔާގެ ބާބު” ގެ 2 ގެ (ހ) އަށް، ހުޅަހެޅުނު ބޮޑު އިސްލާހަށް އެހުނު ވޯޓުން ދެއްކި ނަތިޖާއަށް ތަހުލީލީ ނަޒަރަކުން ބެލުމުން، ވިސްނުނު އެއްޗަކީ، ދިވެހި ރައްޔިތުން އަދި އެތިބިގޮތް. ރައްޔިތުންގެ ވިސްނުން ހުރިގޮތް، އަޅުގަނޑަށް ވަރަށް ރަނގަޅަށް، އެނަތީޖާއިން ދިރާސާ ކޮށްލެވުނު. ގައުމަކަށް އަންނަ ބަދަލުތައް އަންނާނީ، އެގައުމުގެ ރައްޔިތުންނަށް ބަދަލު ތަކެއް އައިސްގެން. އެނޫން ގޮތަކަށް އެ ގައުމަކަށް ބަދަލެއް ނާންނާނެ. މީ ހަމަ ވަރަށް ބޮޑެތި އިލްމުވެރިން ދަށްކާފަ ހުރިވާހަކަ. އަލުގަނޑުމެންގެ ރައްޔިތުންގެ ހޭލުންތެރިކަން، ސިޔާސީ ގޮތުން ވަރަށް އުސްކޮށް އެބަހުރި. އެންމެންވެސް ބޭނުންވޭ މިވެރިކަންނޫން އެހެން ވެރިކަމެއް ދެކެން. އެހެން ނަމަވެސް އެކަމުގަ އިސްކޮށް އަމަލީގޮތުން ނުކުތުމުގެ ކޮންމެވެސް ފަސްޖެހުން ތަކެއް އެބަހުރޭ. އޭގެ ހެއްކެތް، މަޖިލީހުން 66 ވޯޓު ލިބިގެން އެހުންނެވި، ރައީސުލް ޖުމްހޫރިއްޔާ ކުރިމަތި ލެވޭކަހަލަ ގޮތަކަށް ފާސްވެގެން ދިޔަދިއުމަކީ. އެހެންވީމަ އަޅގަނޑު މިދެކެނީ، އަދި މިގައުމުގަ އިދިކޮޅު ވިސްނުން އެހާވަރަށް މަތިކޮށް ހުއްޓަސް، ރައްޔިތުން އެކަހަލަ ބޮޑު އިންތިގާލީ ސަރުކާރެއް ގެންނަން ތައްޔާރަށް ނެތްކަން. އެއްފުށުން އަނެއްފުށަށް ޖަހާލަން ތައްޔާރުވެފަ ނެތްކަން. އިންގިލާބަކަށް ތައްޔާރުވެފަ ނެތްކަން. އެ ނަތިޖާއިން ފާހަގަ ކުރެވުނީ، އެންމެފަހުން ނިމޭނީ، އިންތިގާލީ މަރުހަލާއެއް، ނުވަތަ އިންތިގާލީ ބާބެއް، ގާނޫނު އަސާސީގައި ބާރުގަދަކޮށް، ތަފްސީލުކޮށް ބޭއްވުން ރަނގަޅުކަމަށް. ވަކި މުއްދަތެއްގަ ވަކި ކަންތައްތަކެއް ކުރަމުން ގޮސް، މުޅި އަސާސީއަށް އެއްކޮށް އަމަލު ކުރާ ކަހަލަ ހަލަބޮލި ކަމެއްނެތް މަރުހަލާ އަކަށް ދިއުން. މިކަހަލަ ގޮތަކަށް އިންތިގާލީބާބު އަސާސީގައި ފަރުމާކުރަން ރަނގަޅުކަމަށް ފެންނަނީ. ހަމަ އެއީ، އެންމެންވެސް ރުހޭކަމެއް ގޮތުގައި އަޅުގަނޑަށް އަދި، ފާހަގަ ކުރެވެނީ. އިންގިލާބު ކޮށްލަން ރައްޔިތުންގެ މެޖޯރިޓީ ނުރުހޭކަން ފާހަގަ ކުރެވެނީ.
އަށްޑުވަސް: ދެން އެހެންވީމަ ތިވިދާޅުވަނީ، މަޖިލީހުން ދެކެވުނު ވާހަކަ ތަކާއި މަޖިލީހުގެ ތެރޭގައި ނަތީޖާތަކަށް، ބައްލަވާފަ ބޮޑަށް ގަބޫލުކުރެވެނީ، ދިވެހި ރައްޔިތުން ބޭނުންވަނީ، އިންތިގާލި އުސޫލު ތަކެކޭތޯ، އިންތިގާލީ ސަރުކާރަކަށްވުރެ؟
ޖަވާބު: އާދެ! އަޅުގަނޑު ވަރަށް ސާފުކޮށް، މަޖިލީހުގެ ތަޅުމުގައިވެސް ދަންނަވާފަ ވާނެ. ދިވެހި ރައްޔިތުންގެ އަމަލު ތަކުންނާ، މަޖިލީހުގަ މިހާރު ތިއްބެވި ދިވެހި ރައްޔިތުންގެ މަންދޫބުން އެ ނިންމެވި ނިންމެވުމުން، ދިވެހި ރައްޔިތުންނެއް އަދިއެއް ތައްޔާރެއްނުވޭ، އިންތިގާލީ ސަރުކާރެއް އުފައްދާކަށް. އެހެނަސް، ވަކި އުސޫލުތަކެއްގެ މަތިން، އަލަށްހެދޭ ގާނޫނު އަސާސީއަށް އަމަލު ކުރެވޭނެ، އިންތިގާލި ހަރުފަތް ބަރިއެކޭ ބޭނުންވަނީ. ދެފަށްތަރު ގުޅާލާނެ ސިޑިއެކޭ، ނުވަތަ ފާލަމެކޭ ބޭނުންވަނީ.
އަށްޑުވަސް: އިންތިގާލި ސަރުކާރެއްގެ ވާހަކަ ދަށްކާއިރު، އަނެއްކާވެސް އެބަ ހިތަށް އަރާ އިދިކޮޅު، އޮޕޮސިޝަނުން ނުވަތަ އިއްތިހަދުން ވަރަށް ވަރުގަދަޔަށް، އަދިވެސް މިހާރުވެސް އިދިކޮޅުޕާޓީ ތަކުން، އެބުނަނީ ހަމަ އިންތިގާލި ސަރުކާރެކޭ އޮންނަންވާނީ. ކޮބައިތޯ އެބޭފުޅުން އެގެންގުޅޭ ވިސްނުމަކީ؟
ޖަވާބު: އެއީ ހަމަ ރަނގަޅު ވިސްނުމެއް. މިކަހަލަ ގިނަދުވަސްވެފަ، މޫލާ، އާރުލާ، ހަރުދަނާވެފަ އޮންނަ ސަރުކާރެއް، އަމުދުން ބަގުޑިބެއްދުމުގެ ހުދުމުޚްތާރު ވެރިކަމެއް، ބަދަލުކޮށް ލެވޭނީ، ހަމަ އެއްފުށުން އަނެއްފުށަށް ބަދަލުކޮށް ލެވިގެން. އިންގިލާބެއް ގެނެސްގެން. މިތިބި މީހުން އެއްފަރާތްކޮށްފަ އެހެންބަޔަކު ގެނެސްގެން. އެއީ، ހަމަ އޭގަ އެންމެ ރަނގަޅުގޮތަކީ. އެންމެ މޮޅުގޮތަކީ. އެހެން ނަމަވެސް އަޅުގަނޑު މިދަންނަވަނީ، އަޅުގަނޑުމެންގެ ދިވެހިންގެ ވިސްނުން އެފެންވަރަށް އަދިޔެއް ތައްޔާރު ވެފައެއްނެތޭ. އެއީ، މަޖިލީހުގައި ތިއްބެވި، މަންދޫބުން ކަންތައްތައް ކުރުއްވާ ގޮތުން، ޚާއްސަކޮށް، ހަމަ އިދިކޮޅު ހަރަކާތުގަ ވަރަށް އިސްކޮށް، އަޑުގަދަ ކޮށް އުޅުއްވާ، އެކިއެކި ޖަމާއަތް ތަކުގެ ބޭފުޅުންނަށް ބަލާއިރުވެސް، 66 ވޯޓުގެ ތެރޭގާ އެބަތިއްބެވިއޭ. އޭގެބޭފުޅުން ހިމެނިފާ. އެހުރިހާ ކަމަކަށް ބަލާއިރު، ސިޔާސީ ގޮތުން އެކިފޭލިގެތަކަށް ނިސްބަތްވާ، އަދި އިދިކޮޅު ލީޑަރުންގޮތުގަ އުޅުއްވާ ބޭފުޅުން ވެސް އޭގެތެރޭގައި އެބަތިއްބެވިއޭ. މި ގައުމު އަދިވެސް މިއޮންނަނީ، ފައިސާގެ ގޮތުން ބާރުހުރި، ނުފޫޒުހުރި އެކިއެކި ފަރާތްތަކަށް ބެހިފާ. ބައިބައިވެފާ. ނަތީޖާއެދަށްކާ ގޮތުން، އަޅުގަނޑު ދަންނަވާނީ، ރައްޔިތުންނަށް އެތިއްބެވެނީ، އެއްގޮތުން އެކަމަށް ނުގަބޫލު ވިނަމަވެސް، ފާޑަކަށް ރުހިފަޔޭ. އެހެން ނޫންނަމަ، އެބޭފުޅުންގެ މަންދޫބުން ވޯޓުލައްވާ ގޮތުގެ ވާހަކަދަށްކާ، އެކަމާ ދެކޮޅަށް ނުރުހުގެ އަމަލުތަކެއް ހިންގީސް. އެކަހަލަ އެއްވެސް ކަމެއް މިިނުފެންނަނީ، އަދި ސީދާ ހަރަކާތެއް ނެތީ، އަދި ދިވެހި ރައްޔިތުން ހަގީގަތުގާ ވެސް އެހާބޮޑު ބަދަލަކަށް ތައްޔާރު ނުވާތީއޭ. އެއެދުން ހިތުތެރޭގަ އޮތަސް، އަމަލީ ގޮތުން ކަމެއް ނުކުރެވެނީ ތައްޔާރު ނުވާތިއޭ. އަޅުގަނޑުގެ ވާހަކައަކީމީ. ވިސްނުމަކީމީ.
އަށްޑުވަސް: މިހާރު މިއިވެނީ އަބަދުވެސް އިންތިގާލީ ސަރުކާރެއްގެ ވާހަކަ، އިންތިގާލީ ސަރުކާރެއްގެ މުހިންމުކަމުގެ ވާހަކަ، އަދި އިންތިގާލީ ސަރުކާރެއް އަންނަން ޖެހޭ ސަބަބުތަކުގެ ވާހަކަ، އެއްވެސް އިރެއްގަ މިވީހާ ހިސާބަށް، ހަމަ ގައިމުވެސް އަޅުގަނޑެއް އަޑެއްނާހަން އިއްތިހާދުންވެސް އިންތިގާލި ސަރުކާރަކަށް އެދޭ މޭންޑޭޓް ފުރިހަމަ ނުކޮށްފިއްޔާ ދެން ކަންތައް ކުރާނެ ގޮތެއްގެވާހަކަ. މީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއްހެން އަޅުގަނޑަށް ހީވަނީ. ކިހިނެތްތޯ އިލްޔާސް ދެކެވަޑައި ގަންނަވަނީ؟
ޖަވާބު: ހަގީގަތުގައިވެސް ތީ ވަރަށް މުހިންމު ޕޮއިންޓެއް. އަޅުގަނޑުގެ އަމިއްލަ ވިސްނުމަށް ބަލާލާއިރު، އިންތިގާލީ ސަރުކާރެއް ބަޔަކާ ހަވާލު ކުރިއްޔޯ. މިފަދަ ހާލަތަކާ މެދު އަޅުގަނޑު، ދަންނަވަން ބިރުވެސް ގަނޭ، އެމީހުން ވެރިކަމަށް އަރާ، ކިހިނެތްބާވައޭ އަނެއްކާ ހަދާނީ. އެއީ ބަންގްލަދޭޝް ގެ ގާނޫނު އަސާސީގާ ލެޔެފާއޮވޭ، ތިންމަސް ދުވަހުގެ ތެރޭގާ، އިންތިގާލީ ސަރުކާރެއް ސިފައިންނާ ގުޅިގެން ގެނެސް، ރައްޔިތުން ރުހޭ އިންތިޚާބެއް ބާއްވައި ދޭންޖެހޭނެޔޭ. އެހެނަސް މިހާރު ތިންއަހަރުވީ. އަދިވެސް އިންތިޚާބެއް ނުބާއްވާ. އަޅގަނޑުމެން އެގޮތަށް ވިސްނައިގެން އިންތިގާލީ ސަރުކާރެއް ބަޔަކާ ހަވާލުކޮށްގެން ނުވާނެ. އަޅުގަނޑުގެ ހިތަކަށް ހަމަ ބުރައެއް ނުވެވޭ، ނުނިންމޭ. އެމީހުން ހަދާނީ ކިހިނެތްކަމެއް. ގާނޫނު އަސާސީ ސަސްޕެންޑު ކޮށްފަ، އެމީހުން އިތުރަށް މަޑުކޮށްފަ، އެމީހުން ދެކޭގޮތުގައި އަދި މިރާއްޖޭގާ ރައްޔިތުން ރުހޭ، އިންތިޚާބެއް ބޭއްވޭ ވަރަށް، މިތާގެ ކަންތައް ނުހިނގަޔޭ. ނުދެޔޭ ބުނުމަކީ ވެސް އެކަށީގެންވާ ކަމެއް. ދުރުކަމެއްނޫން. އެހެންވީ އިރު، ސިޔާސީ ގޮތުން، ވަރަށް ބޮޑަށް ތަސައްރަފު ފުދިފާތިބޭ ބައެއް އިންތިގާލީ މަރުހަލާގަ ކަންކަމާ ކުރިމަތިލާން ޖެހޭނީ. އެހެންނޫނީ އެމަރުހަލާ މުޅިން އެހެން އެއްޗަކަށް ވެސް ބަދަލުވެގެން ހިނގައިދާނެ. ވީމާ މިހުރީ، ވަރަށް ވިސްނަންޖެހޭ ބޮޑެތި ކަންތައްތައް. އަޅުގަނޑު ދެކޭ ގޮތުގާ އިންތިގާލީ މަރުހަލާ ތެރޭގަ ސިފައިންގެ ރޯލެއްވެސް ހިމެނިފާ އޮންނަންޖެހޭނެ. އެއީ، ސިފައިންނަކީ، ގައުމަށް އެންމެވަފާތެރި އެއް ހުވާ ކޮށްގެންތިބޭ މީހުން. ސިފައިންގެ ރޯލެއްނެތި، އަމުދުން އިންތިގާލީ ސަރުކާރެއް، އަދި މަރުހަލާއެއް ވިޔަސް ބަޔަކަށް ދޫކޮށް ލެވިއްޖެއްޔާ، ހަމަ ކޮންމެފަދަ ކަމެއްވެސް ވެދާނެޔޭ. ދެންނެވޭނީ. މިގޮތަށް ހަމަ ބުރަވެވެނީ. ރާއްޖެއަކީ، އެތެރެވަރީގެ ކުޑަ ގައުމަކަށް ވާތީ. މަދު ވިޔަފާރި ވެރިންތަކެއް ރައްޔިތުން ޓެރަރައިޒް ކޮށް، އަތްދަށުލާފައިވާ ކުޑަ ތަނަކަށް ވާތީ.
އަށްޑުވަސް: ދެން ރައީސް މައުމޫނަށް އިޝާރާތްކުރާ އޮޕޮޒިޝަނުންގެ ބައެއް މެންބަރުން، ނޫނީ ފައުންޑަރ މެންބަރެއް ކަމުގާވާ ގޯގޯލަތީފު، އެމްޑީޕީގެ ފައުންޑަރ މެންބަރުން ވިދާޅުވެފަވަނީ، މައުމޫނަކީ ރަނގަޅުމީހެކޭ އެކަމަކު އޭނަހުރީ ކޮރަޕްޓްވެފައޭ. ދެންހަމަ އެއާއެކީގާ އަޅުގަނޑު މިދޭތެރެ އިން ސުވާލުކޮށްލިން ބޮޑުފެންވަޅުގޭ މުސްތަފާއާ، މުސްތަފާވެސް ވިދާޅުވަނީ، މައުމޫނަކީ ރަނގަޅު ބޭފުޅެކޭ އެކަމަކު އެބޭފުޅާގެ އައިލާގެ ސަބަބުން އެބޭފުޅާ ހަލާކުވެފައޭ ހުރީ. ޑރ.ޝަހީދުވެސް ވިދާލުވީ މައުމޫނަކީ ވަރަށް މަޑުމައިތިރި ވަރަށް ހިތްހެޔޮ ރަނގަޅު ބޭފުޅެކޭ، އިލްޔާސް ކިހިނެތްތޯ މައުމޫނު ސިފަކުރައްވަނީ؟
ޖަވާބު: އަޅުގަނޑަކީ ވެސް ހަމަ މައުމޫނު ވަރަށް ކާރިން ދަންނަމީހެއް. ސަރުކާރުގަ އުޅުނުއިރު، ގާތްކަމެއް އުފެދިފަ އޮތް. ވަކިން ސީދާކޮށް ދެމީހުން އެކަނި، ބައްދަލުވެ އެތައްވާހަކަ ތަކެއް ދެކެވިފަ ހުންނާނެ. އަޅުގަނޑު ދެކޭ ގޮތުގައި މައުމޫނަކީ، ވަރަށް ހަރުދަނާގޮތެއްގާ ދެމިހުންނަވާ ޝަޚުޞިއްޔަތެއް. މައުމޫނަށް ނޭގި ހަމަ މިގައުމުގާ އެއްވެސްކަމެއް ނުހިނގާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އޭނާގެ އިލްމުގާ މިގައުމުގާ މިހިނގާ ހުރިހާކަމެއް ވެސް ހުރެގެން ކަންތައްތައް ކުރިޔަށް މިދަނީ ރޭވިގެން. އެނގިގެން ކުރިޔަށް މިދަނީ. އެއްގޮތަކަށް ވެސް ނޭގިއެއްނޫން. ވަކި އައިލާގެ ނުފޫޒެއް އޮވެގެން ކަމަކަށް، އަޅުގަނޑު ގަބޫލެއް ނުކުރަން. އޭނަޔަށް ފެނިއްޖެ ހިނދެއްގާ، އެނާ އެބަހުރި، އެނަބޭނުންވާ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވާފަ. މައުމޫނަކީ ވަރަށް ބޮޑަށް، އޭނަޔަށް އޭނަ ކުރާކަންތަކުގެ އިތުބާރު އޮވެގެން، ރަނގަޅަށް ދަނެހުރެ، އެނގިހުރެގެން ކަންތައްތައް ކުރާމީހެއް. އެއްވެސް ހާލެއްގަ އަޅުގަނޑު ގަބޫލެއް ނުކުރަން އޭނަޔަށް ނޭގި މިކަންތައްތައް ބޮއްސުންލައިގެން ދަނީޔޭ އެބުނާބުނުން. ވަރަށް ރަނގަޅަށް އޭނަޔަށް އެނގިހުރެ މިގައުމުގެ ހުރިހާކަމެއްވެސް މިހިނގަނީ. އޭނަ ބޭނުންގޮތަކަށް، އަދި މިގައުމުގެ ކަންތައްތައް ބައްޓަން ކުރައްވަމުން އެގެންދަވަނީ. މިހާރުވެސް ހަމަ ފުލް ކޮންޓްރޯލް އޭނަގެ އަތުގައި އެބަ އޮތްކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
އަށްޑުވަސް: އެހެންވީމަ މިހާރު މައުމޫނުގެ އަތުގަ ފުލްކޮންޓްރޯލް އޮތްކަމަށް އިލްޔާސް ތި އެއްބަސް ވެލައްވަނީ. އެކަމަކު އިދިކޮޅު ޕާޓީތަކުން އެބަ ވިދާޅުވޭ އިސްކޮށް ތިއްބަވާ ބައެއްބޭބޭ ފުޅުން މިހާރު މައުމޫނުގެ އަތުގަ އެއްވެސް ބާރެއްނެތޭ އެވާހަކަ އިލްޔާސެއް ގަބޫލެއް ނުކުރައްވަންތޯ؟
ޖަވާބު: އާދެ! ތިކަމާ ހަމަ އަލުގަނޑުގެ ޚިޔާލު ވަރަށް ތަފާތު. އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރަން ތިކަމެއް. އަޅުގަނޑު ކިޔަވާ ނިމިގެން ފުރަތަމަ ރާއްޖެ އައިސް 80 ގެ އަހަރު ތަކުގާ އެފެނުނު، އެބާރާ އެކުގާ މައުމޫނު އެހުންނެވީ، ހަމަ އެގޮތަށް އަދިވެސް. މައުމޫނުގެ ފުލްބާރު ސަރުކާރުގެ މައްޗަށް، އަދި ރައްޔިތުންގެ މައްޗަށް އޮތްކަމަށް އަޅުގަނޑު ގަބޫލު ކުރަން. ގިޔާދަތާއި ސިޔާދަތު އެބައޮތް.
އަށްޑުވަސް: މިހާރު ޚާއްސަ މަޖިލީހުގެ ޖަލްސާތައް ފެންނައިރު ވަރަށް ގިނަފަހަރަށް އިލްޔާސް މިފެންނަނީ، ރިޔާސަތައި ކުރިމަތި ނުލައްވާ ވާހަކަ ދައްކަވާތަން، ތަކުރާރުކޮށް އެކަން އަންގަވާ ރިޔާސަތުން ވެސް. އުސޫލަކީ ރިޔާސަތާ ކުރިމަތި ލައްވައިގެން ވާހަކަ ދެއްކެވުންކަމަށް، ރިޔާސަތުން ވިދާޅުވޭ. އިލްޔާސް ކޮންގޮތަކަށް ގަބޫލުކުރައްވާތީ ތޯ، ރިޔާސަތާ ކުރިމަތި ނުލައްވަނީ؟
ޖަވާބު: އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މަޖިލީހުގެ ރިޔާސީ އިންތިޚާބު ވެސް އަދި އެހެންކަންތައް ވެސް ހިންގާފަ ވަނީ ގޯސްކޮށް. މުޅިން އަސާސީއާއި ގަވާއިދާޚިލާފަށް. އަދި، މަޖިލީހުގެ ރޫހާއެއް ގޮތަކަށް ވެސް ނޫން. އަދި ގާނޫނު އަސާސީގައި އެވޯޓުގެ ކަންތައް ޑައެޅިފާ އޮތްގޮތަކަށް ވެސްނޫން. އެއީ މުޅިން ގޯސްކޮށް ސަރުކާރުގެ ނުފޫޒާއެކު، ހިންގި އިންތިޚާބެއް. އެހެން ވީމާ އެއީ އަޅުގަނޑު ވޯޓުދީގެން ހިއްސާ އޮވެގެން ހޮވި ރައީސެއް ނޫން. އެރައީސަކީ، އަޅުގަނޑު ވޯޓުދިން މީހެއްނޫން. ފާހަގަ ކުރެވޭނެ ދުވަހަކު ވެސް ތަޅުމުގާ އަޅުގަނޑު އިއްޒަތްތެރި ރައީސޭ ކިޔާފަ މުޚާޠަބު ކޮށަފައެއް ނުވާނެ. އެހެންނަމަ ވެސް ގިނަބަޔަކު ވެގެން އިންތިޚާބު ކޮށްފަވާ ރައީސެއް ވީމާ، ގަބޫލުކޮށްގެން އަޅުގަނޑު ވެސް މިހުންނަނީ. މަޖިލީހުގެ ކަންތައްތައް ކުރަނީ. ވޯޓުލީ ދުވަހު، އަޅުގަނޑުގެ ބޫޓު މޭޒުމަތީގައި ބަހައްޓާފަ އަޅުގަނޑު ތަޅުމުން ނުކުންނަން ޖެހުނީ ގާނޫނު އަސާސީއާ ޚިލާފަށް އެކަންތައް ހިންގަމުން ގެންދާތީ، ނުރުހުން ފާޅު ކުރުމަށް. އިހްތިޖާޖު ކުރުމަށް. އަޅުގަނޑު ބޫޓަށް އެ އިންތިޚާބުގާ ރައީސަކު ހޮވަން ވޯޓު ދެވުނުނަމަ، އެ ރައީސަށް އަޅުގަނޑުގެ ބޫޓު ވޯޓުދިނީސް. ހަމަގައިމު ވެސް އަޅުގަނޑު ބޭނުމެއްނުވޭ، އަޅުގަނޑުގެ ޒާތް އެތާގަ ހާޒިރުވެ އިންނަން ވެސް. އެހެންވެ އެވަގުތު އަޅުގަނޑު އެތަނުން ނުކުތީ، އެތަނުގާ ނުއިންނަން ވެގެން. އެހެންވިމާ އަޅުގަނޑަކަށް މުޅިން ގަބޫލެއް ނުކުރެވޭ މިރާއްޖޭގެ ގަނޫނު އަސާސީއާ އެއްގޮތަށް ކުރިކަމެއްހެން. އެހެންވެ އަޅުގަނޑުވެސް ތަޅުމުގައި ކަންތައް ކުރަމުން މިގެންދަނީ، އަޅުގަނޑަށް ކުރެވޭހާ އެންމެ ރަނގަޅަކަށް، ވަރަށް ބަލައިގެން. އަދި މިހަދަމުންދާ ގޮތަކީ، އަޅުގަނޑަށް ފެނުނު އެންމެ ރަނގަޅަކަށް ރައްޔިތުންނަށް ފައިދާ ހުރިގޮތަށް ކަންތައްތައް ކުރަމުން ގެންދަނީ.
އަށްޑުވަސް: ދެން އެހެންވީމަ ޚާއްސަ މަޖިލީހުގެ ރައީސާދޭތެރޭ އެއީ ކޮންކަހަލަ ކޮންގޮތަކަށް ކަންތައް ކުރައްވާ ބޭފުޅެއްގެ ގޮތުގައިތޯ އިލްޔާސް ސިފަކުރައްވަނީ؟
ޖަވާބު: އަޅުގަނޑު ސިފަކުރަނީ އެނާއަކީ، އެނަޔަށް ފެންނަ ގޮތަކަށް ކަންތައްތައް ކުރާ މީހެއްކަމަށް. ކަންތައްތައް ރާވާ ހިންގަން ދަންނަ މޮޅު މީހެއްކަމުގާ ދެކެން.
އަށްޑުވަސް: ދެން މިހާރު ކޮންމެ ގޮތެއްގައި ވިޔަސް، ސިޔާސީ މަސްރަހު މިއޮތީ ވަރަށް ހަލަބޮލިވެފަ. އަލުގަނޑުމެންގެ ރިޔާސީ އިންތިޚާބުވެސް މިއޮތީ ވަރަށް ކާރިވެފަ. މިދަނޑިވަޅުގަ މައުމޫނަށް ހަގީގަތުގައި ވެސް ޗެލެންޖެއް ދެވޭނީ، ކޮންގޮތަކަށް އަމަލު ކޮށްގެންތޯ، އަދި ކޮންގޮތަކަށް ވިސްނުން ބަހައްޓައިގެންތޯ؟
ޖަވާބު: ތީ ވަރަށް ރަނގަޅު ސުވާލެއް. ތީ ހަމަ ކުރަން ޖެހިއްޖެ ކަމެއް. ވިސްނުން ބަހައްޓަން ވެއްޖެކަމެއް. ހަދަން ޖެހޭގޮތަކީ، ވަރަށް ވަރުގަދަ ފިކުރެއް އުފައްދަން ޖެހޭނީ. ރައްޔިތުން ވެސް މިތިބީ، ބަދަލަކަށް ބޭނުންވެފަ. އެމީހުންނަށް ބޭނުންވަނީ، އިތުރު ހިތްވަރެއް، އާ ފިކުރެއް، އާ ވިސްނުމެއް، އަލަށް ބިނާކޮށް ބައްޓަން ކުރެވޭ އާ ރާއްޖެއެއް. އެ މީހުންނަށް ސިފަކޮށް ދޭންވީ، އާ ޕޮލިސީތަކެއް. އާ ރޭވުން ތަކެއް. އެ މީހުންނަށް ވިސްނައި ދޭންވީ، މައުމޫނަށް ފަހުގަ މުސްތަގުބަލު ގައި ހަމަޖެހިގެން ދާނެ ހަމަތަކެއް. މުޅި ރައްޔިތުންނަށް ހަމަހަމަކަން ލިބިގެންދާނެ އުސޫލުތަކެއް. ރައްޔިތުންގެ ބާރު ހުރިހާ ދިމާއަކަށް ބެހިފަ އޮންނަ ނިޒާމެއް. އެ މީހުންގެ ބުއްދިއަށް ވަށްދައިދޭންވީ އާފިކުރެއް. އެމީހުންގެ ޚިޔާލާތަށް މިގޮތުގެ މަތިން އާ ވިސްނުމެއް ވެއްދިއްޖެއްޔާ އެއް ވެސް ކަމެއްނޫން، ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތަށް އަނބުރާ ލިބިގަންނާކަށް. ރައްޔިތުންގެ ބާރު ރައްޔިތުންނަށް، ލިބިގެން ގޮސް، ގައުމު މިއޮތްގޮތްނޫން އެހެން ގޮތަކަށް ބަދަލުވެގެން ގޮސް، އެހެން ސަރުކާރެއް ގެނައުމަކީ، ރައްޔިތުންނަށް އެއްވެސް ކަމަކަށް ނުވާނެ. އަޅުގަނޑަށް ވިސްނެނީ، ހަމަ މަދުވެގެން މި އުޅޭއެއްޗަކީ، ވިސްނުމެއް، ފިކުރެއް އުފައްދާނެ ގޮތެއްކަމުގަ. ނުވަތަ ރައްޔިތުންގެ ވިންދަށް އިތުރު ހިތްވަރަކާ، ބާރެއް އަންނާނެ ނުވަތަ ގެންނާނެ ގޮތެއްކަމުގަ. އަދި، އިދިކޮޅު ލީޑަރުންނަށް އެފަދަ ގޮތަކަށް ބަޔާންކޮށް ނުދެވެނީއޭ އަޅުގަނޑު ދަންނަވާނީ. ވީމާ، މިގޮތަށް ވިސްނުމެއް ބައްޓަން ކޮށްދޭންވީ. އޭރުން އާ ރާއްޖެއެއް ފެނުނީ. ރައްޔިތުންގެ އުންމީދުތައް އުޖާލާވީ.
އަށްޑުވަސް: އެކަމަށް އެއްވެސް މަސައްކަތެއް އެބަކުރޭތޯ؟
ޖަވާބު: މަސައްކަތް ތަކެއް އެބަކުރެވޭ. އެކަމަކު އެކަން ބޮޑަށް އަމާޒު ކުރެވިފައި އޮތީ، ނިމި ގޮސްފަ އޮތްތަން ނިޔުޅުމަށް. މާބޮޑަށް މާޒީއާގުޅިފަ އޮތީ. ހިފި ނުހުރެވިގެން ބައެއް ލީޑަރުން އަވަސް އަރުވާލައިގެން އުޅޭތަން އެބަ ތަޖުރިބާ ކުރެވޭ. އެއްވެ އެކުލަވާ ލާގޮތް އާލާވުމަށް ވުރެ، ވިއްސި ވިހާލި ވާގޮތްވަނީ އެހެންވެ. މިއީ އަޅުގަނޑުގެ ޝަޚްޞީ ވިސްނުން. އެކަހަލަ ފިކުރެއް އުފައްދާއިރު، އަބަދުވެސް އަމާޒު ކުރެވެން ޖެހޭނީ، މުސްތަގުބަލަށް، ކުރިޔަށް އޮތްތަނަށް. މަޒީގަ ވެފައިހުރި ކަންތައްތައް ނަގައިގެން ނިއުޅޭހާ ދުވަހަކު، އެވާނީ ވަގުތީ، ޖަޒްބާތީ ކަންތައް ގަނޑަކަށް. ބޮޑަށް އިދިކޮޅު ލީޑަރުންނަށް، މިސިފަކޮށްދެވެނީ ކުރީގަ ވެފަހުރިމާޒީގެ ކަންތައްތައް، އެކަން ވެގެން ދަނީ، ޖަޒްބާތީކަމެއްގެ ގޮތުގަ، ޖައްވަށް، ފަޒާ ތެރެއަށް، ފޮނުވާލާ ހަވާއެރުވުމަކަށް. އަބަދުވެސް އިދިކޮޅު ފޯރަމްތަކުގާ މާޒީގެ ވާހަކަތައް ތަކުރާރުކޮށް މިދެއްކެނީ. މުސްތަގުބަލުގައި ގައުމު ބިނާވެ، ބައްޓަން ވެގެންދާނެ ގޮތުގެ ވާހަކަ ގިނަކުރަން ވެއްޖެ. އާ ފިކުރެއް ރައްޔިތުންގެ ވިސްނުމަށް ވައްދައި ދޭންވެއްޖެ. ރައްޔިތުން ބަދަލުވި ދުވަހަކުން ގައުމު ބަދަލުވާނީ. މިކަން ދަންނަން ވެއްޖެ. ނިމުނީ.