އިލްޔާސް ހުސައިން އިބްރާހީން. (ލިޔުނީ: 2009 ޖެނުއަރީގައި)
ލޮބުވެތި ރައްޔިތުންނޭވެ! ދަންނާށެވެ! ލޯނާއި ހިލޭލޯނާއި އެހީތަކާއި ބޭރަށާއި އެތެރޭގެބައެއް ކަންކަމަށް ގަނޑުކޮށް ނަގުދު ފައިސާޚަރަދު ކުރުމުގެ އިތުރުން ދެންހުރިހުރިހާ ހިސާބުތައް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ވަރަށްރަނގަޅަށް ބެލެހެއްޓިފައި ހުރިކަމަށް އޮޑިޓަރޖެނެރަލްގެ ރިޕޯޓުގައި ވިދާޅުވެފައި ވެއެވެ. ނަގުދުފައިސާގެ ކަންތައް އޮޅުންބޮޅުން ތެރޭގައި ހުރެފައި ދެންހުރިހާ ހިސާބުތަކެއް ފުރިހަމަކޮށް ރަނގަޅަށް ހުރުމުން އެނގެނީ، މިފަދަގޮތަކަށް ދައުލަތުގެ ފައިސާގަނޑުކޮށް ޚަރަދު ކުރެއްވުމަކީ، ރައީސްމައުމޫނު ގަސްދުގައި ކުރައްވާފައިވާ ކަމެއްކަމެވެ. ދައުލަތުގެ ފައިސާއަށް ބޭނުންފުޅުގޮތެއް ހެއްދެވުމުގެ ވިސްނުމުގައި ކުރައްވާފައިވާ ކަމެއްކަމެވެ. ދައުލަތުގެ ފައިސާގައި ނަހަމަގޮތުގައި ޖެހިވަޑައިގެން ނެވުމުގެ ބޭނުމުގައި އަމިއްލަފުޅުބޮޑު ރޭވުމެއްގެދަށުން ކުރައްވާފައިވާ ކަމެއްކަމެވެ. ފަހެ، ކޮންމެހެން ބަލަހައްޓަން ޖެހޭފައިސާގެ މުހިންމު ބައިތަކަށްވަނީ، ވަރަށްބޮޑަށް އިހުމާލު ވެފައެވެ. ގަސްދުގައި އަޅާނުލައްވާފައެވެ. ދައުލަތަށް ޚިޔާނާތްތެރި ވެފައެވެ. ހިސާބުތައް އެއްގޮތަކަށްވެސް ބަލަހައްޓަންޖެހޭ ގޮތަށް ބަލަހައްޓާފައެއް ނެތެވެ. ލިޔެކިޔުންތަކާއި އެގްރީމަންޓުތައް ވެސް ފެންނަ ހިސާބެއްގައި ބަހައްޓާފައެއް ނެތެވެ. ވަނީ ފޮރުވާފައެވެ. ނުވަތަ ނައްތާލާފައެވެ. އެންމެފަހު ވަގުތުގައި އަންދާލީކަމަށް ވެސް ވެދާނެއެވެ. މިއީ ގަސްދުގައި ކޮށްފައިވާ ކަމެއްކަން ޔަގީނެވެ. ބޮޑުވެގެންވާ ޖަރީމާއެކެވެ. ސުވާލުކުރެވެން ޖެހޭނެކަމެކެވެ. ފަހެ، މިއީ ދިވެހި ރައްޔިތުން އިންތިހާއަށް ހިތާމަކުރަންޖެހޭ ވަރުގެބޮޑު ކަމެކެވެ. މިދިޔަ ރިޔާސީ އިންތިޚާބު 2008 ގެ ކެންޕޭނުގައި ގާނޫނީގޮތުން ވަކިޕާޓީއެއްގައި ހިމެނިގެން ނުވާނެގޮތަށް، ދިވެހި ދައުލަތުގެ ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަވައިގެން ކުރެއްވި ދަތުރުތަކުގައި ދައުލަތުގެ ލޯންޗުތަކާއި އުޅަދުތަކާއި ކާރުކޮޅުބޭނުން ކުރެއްވިއެވެ. އަދި އަތޮޅުގޭގައި ރޭކުރެއްވުމާއި އަތޮޅުގެއިން ފަރިއްކުޅުއްވުމާއި މިފަދަ ވަސީލަތްތައް ހިލޭބޭނުން ކުރެއްވުމަކީ، އެއްގޮތަކަށްވެސް ހުއްދަކަމެއް ނޫނެވެ. ހަމަކަށަވަރުން އެކަމަކީ ދައުލަތުގެ ފައިސާއާއި މުދަލާއި ތަކެތި ނަހަމަގޮތުގައި ބޭނުންކުރެއްވުން ކަމުގައި ފާހަގަކުރަމެވެ. ހަމަމިއަދުން މިއަދަށް އެފަދަ ކަންތައްތައް ތަހުގީގުކުރުމަށް ގޮވާލަމެވެ. އެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ގޮވާލާއި ހަދާންކޮށްދެމެވެ. އަދި ރައީސް ނަޝީދުގެ ސަރުކާރަށް މިކަންތައް ފަށްފަށުން ހަދުމަކޮށްދެމެވެ. ފަހެ، ޑީއާރުޕީން މިގޮތަށް ހިންގި ރިޔާސީ ކެންޕޭނަކީ، ރައްޔިތުން އެއްގޮތަކަށްވެސް ގަބޫލުކަމެއް ނޫނެވެ. މިފަހަރު ދެއްކިނަތީޖާއިން މިއަދު އެކަންވަނީ ސާބިތުކޮށް ދީފައެވެ. ރައްޔިތުންގެ މުދަލުން އެކަމަށް ހޭދަކޮށް ހިންގިޚަރަދަކީ އަނބުރާ ރައްޔިތުންގެ ބައިތުލްމާލަށް ޖަމާވާންޖެހޭ ފައިސާއެކެވެ. ފަހެ، ދަންނާށެވެ! މިހުންނަނީ، ރިޔާސީ ކެންޕޭން ހިންގާ އެހެންގައުމު ތަކުގައިއޮންނަ ފަދައިން ދައުލަތުގެ ތަކެއްޗާއި ވަސީލަތްތައް ކޮންމެހެން އެހެންގޮތެއް ނެތިގެން ރައީސުލް ޖުމްހޫރިއްޔާއަށް ބޭނުން ކުރައްވަން ޖެހިއްޖެނަމަ، އެތަކެއްޗާއި ވަސީލަތްތަކަކީ، ބަރާބަރަށް ހަމައަގު ދައްކާފައިނޫނީ، ބޭނުން ނުކުރެއްވޭނެ ގޮތަށްހުންނަ ތަކެއްޗާއި ކަންތަކެވެ. އެހެންވުމާއެކު މިގައުމުގައިވެސް މިކަންތައް މިގޮތަށް ހަމަޖެހިފައި އޮންނަން ޖެހޭނެއެވެ. އަދި މިކަމާގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ހިސާބުތައް ފުރިހަމައަށް ތައްޔާރުކޮށް ބެލެހެއްޓިފައި ހުންނަން ޖެހޭނެއެވެ. ފަހެ، މިކަންތައް ވީހާއަވަހަށް ފުރިހަމަ ކުރެއްވުމަށްފަހު، ފައިސާ އަތުލެއްވުމުގެ މަސައްކަތްތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން، ރައީސްއޮފީހަށް އަންގަން ޖެހޭނެއެވެ. ގާނޫނީސަރުކާރެއް ހިންގުމަކީ މިހާރުގެ ރައީސް ނަޝީދަށް ލާޒިމުކުރާ ކަމެކެވެ. ރައީސް މައުމޫނު އުފަލުގައި ބެހެއްޓުމަށް ކުރައްވާ އަޒުމްދޫކޮށް ލައްވާށެވެ. ގާނޫނުތައް ތަންފީޒުކޮށް ދެއްވާށެވެ. ގާނޫނީ ހުކޫމަތެއްގައި ރައްޔިތުންނަށް އަނިޔާވެރިވެފައިވާ މުޖްރިމުންނަށް ޖާގައެއް އޮވެގެން ނުވާނެއެވެ. ދުސްތޫރީ ގާނޫނުތައް ހަމަހަމަކޮށް އެންމެންގެ މައްޗަށް ހިންގުމަކީ ވެރިމީހާގެ މައްޗަށް އެންމެއިސްކޮށް ލާޒިމުވާ ކަންތަކެވެ. ގާނޫނީހުކޫމަތެއް ހިންގުމަކީ މިއީއެވެ. ފަހެ، މިއީއެއްގޮތަކަށް ވެސް ލަސްކޮށްގެންވާނެ ކަމެއްނޫނެވެ. ބައެއްގެ އިހުމާލުވުމުގެ ސަބަބުން ރައްޔިތުންގެ ބައިތުލްމާލުން ގެއްލިގެން ދާއެއްޗެއް އަނބުރާ ހޯދުމުގެ މުހިންމު މައްސަލައެކެވެ. ރައްޔިތުންގެ ހައްގުތަކާ ގުޅިފައިވާ މުހިންމުކަމެކެވެ. ދޫކޮއްލާ ވަރުގެ އާދައިގެ ކަމެއްނޫނެވެ. ފަހެ، މާލިއްޔަތު ކޮމެޓީގެ ޒިންމާ ވަރަށްބޮޑެވެ. އެންޓިކޮރަޕްޝަން ކޮމިޝަނުގެ ޒިންމާވެސް އެބައޮތެވެ. އެކޮމިޝަނުން އަޅާލަނީ ކުދިކުދި ކަންތަކާއެވެ. ކޫސަނިކަންތައް ވަރަށްރަނގަޅަށް ބަލަހައްޓައެވެ. ކުރީގެ ސަރުކާރުން ކޮށްފައިހުރި ބޮޑެތިޖަރީމާތައް ނުބަލާދޫކޮއްލައިގެން ނުވާނެއެވެ. ރައީސް މައުމޫނު ބަރީއަވަންޏާ ބަރީއަކުރެވޭނީވެސް އޭރުންނެވެ. އަދި ރައްޔިތުންނަށް އިންސާފުހޯދައި ދެވޭނީވެސް އޭރުންނެވެ. އެކައުންޓިންއާއި އެކައުންޓަބިލިޓީ ހުއްދަކުރަނީ، މިގޮތަށް މިކަންހަމަ ޖެއްސުން ކަމުގައި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ޚައްސަގޮތެއްގައި ފާހަގަކުރައްވާފައި އެބައޮތެވެ.
ފަހެ، ދަންނާށެވެ! މިދުވަސްވަރު އެންމެ މަޝްހޫރުކޮށް ފެންމަތި ވެފައިއޮތީ، ރާއްޖޭގެ ފުންނާބުއުސް ގިނަލޮޔަރުންތަކެއް އެމީހުންގެގާނޫނީ ވިސްނުމާއި ފިކުރުގެ ދަށުން، ދައުލަތުގެ އެންމެމަތީ ބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ނުފޫޒުދެއްކުމުގެ ދޯހަޅި މަސައްކަތެވެ. ކިތަންމެ ފުންނާބުއުސް ބައެއްކަމުގައި ވިޔަސް ގާނޫނީވަކީލުންގެ ރީތިމަސައްކަތަކީ، ގާނޫނީއިމުގެ ތެރެއިން ދޭދޭމީހުންނާއި ދޭދޭފަރާތްތަކުގެ މެދުގައިޖެހޭ ކަންތައްތަކުގައި ވަކާލާތުކޮށް ދިނުމެވެ. ހައްގުމަގު ހޯދައިދިނުމެވެ. އެއްގޮތަކަށްވެސް ދައުލަތުގެ އެއްބާރު، އަނެއްބާރުގެ ތެރެއަށްވަދެ ވަކާލާތު ކުރުމެއްނޫނެވެ. ނުފޫޒު ފޯރުވުމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހަކީ، ދައުލަތުގެ އެމްމެމަތީބާރެވެ. އާދެ! ރައްޔިތުންގެބާރު ފެށިގެން އަންނަހިސާބެވެ. ރައްޔިތުންގެ ވަރުގަދައަޑެވެ. ފަހެ، އެބާރާފުށޫ އަރާގޮތަށް އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުނިންމޭނެއެވެ. ވަކިރޮނގަކުން ކިތަންމެ ފުންނާބުއުސް ބައެއްކަމުގައި ވިޔަސް ކުރާނެކަމެއްނެތެވެ، ރައްޔިތުންގެ ފަރާތުން އެންމެފަހުބަސް ބުނެ، ފާސްކޮށް ސިއްކަޖަހާގެއަކީ، ރައްޔިތުންގެ މަޖިލީހެވެ. ފަހެ، ދަންނާށެވެ! ދަށުކޯޓުތަކާއި އަދާލަތާބެހޭ އިދާރީ މަސައްކަތްތައް ހިންގުމަކީ، ސުޕްރީމް ކޯޓުގެފަސް ފަނޑިޔާރުން ކުރަންޖެހޭނެ މަސައްކަތެއް ނޫނެވެ. އަދާލަތާބެހޭ މުޅިބަޖެޓް ހިންގާބަލަހައްޓާނީ، ސުޕްރީމްކޯޓުގެ ފަނޑިޔާރުންނެއް ނޫނެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނެއް، މަޖިލީސް މެދުވެރިކޮށް، ރައްޔިތުން އުފައްދާފައި އެއޮތީ އެބޭނުމުގައެވެ. އެމަސައްކަތްތައް ހިންގުމަށެވެ. އިދާރީއެންމެހާ ކަންތައްތައް ބެލެހެއްޓުމަށެވެ. ސުޕްރީމްކޯޓުގެ ފަސްފަނޑިޔާރުން ބޭނުންފުޅު ވާގޮތަށް ހުކުމްތައް ކޮށްގެން، ރައްޔިތުންގެ ނިންމުންތައް ބާތިލެއް ނުކުރެވޭނެއެވެ. ފަހެ، އެއީ ވާނެކަމެއް ނޫނެވެ. ރިވެތިގޮތުގައި ރައްޔިތުންގެބާރު، ދެމެހެއްޓުމުގެ ޒަމާނީ ޑިމޮކްރަސީއަކީ، އެފަދަ ކަންތައް މަޖިލީހަށް ހުށަހަޅައިގެން ނިންމުމެވެ. ކޯޓުމެދުވެރިކޮށް ނިޔާކަނޑަ އަޅައިގެން އެކަހަލަ ކަންތައް ތަންފީޒުކުރުމަށް ފުންނާބުއުސް ލޮޔަރުން ޕެޓިޝަން ނެރެގެން ރައްޔިތުންގެބާރު ފުނޑުފުނޑުކޮށް ލައްވަން ނޫޅުއްވާށެވެ. ފަހެ ރައްޔިތުންގެ މަޖިލީހުގެބާރު މާވަރުގަދަ ވާނެއެވެ. މާމަތިވެރިވާނެއެވެ. ރައްޔިތުން މިކަންތައް ފުންނާބުއުސް ލޮޔަރުން އެދޭގޮތަށް ހަމަޖައްސާފައި ނުބޭއްވީ، ސަބަބެއްއޮވެ ގެންނެވެ. ފަހެ، ގާނޫނު އަސާސީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެއް (އަދާލަތާބެހޭ އިދާރިކަންތައް) އުފައްދާއި ސުޕްރީމް ކޯޓުގެދަށުން އިދާރީބައި ހިންގާގޮތަށް ނުބޭއްވީ، އިސް ފަނޑިޔާރުންތައް ދަށުކޯޓުގެ ފަނޑިޔާރުން ތަކަށް ނިޔާކަނޑަ އެޅުއްވުމުގައި ނުފޫޒު ފޯރުވުމުގެދޮރު މުޅިންހެން މަހުރޫމްކޮށް ލުމަށެވެ. އަދި ވީހާވެސް މިނިވަންކޮށް ދަށުކޯޓުތަކުން ޝަރީއަތްތައް ހިންގުމުގެ މާތްމަގުސަދު ގައެވެ. އިދާރީ ކަންތައްތަކަކީ، އިސް ފަނޑިޔާރުން އެއްގޮތަކަށްވެސް ބެހެންވީ ކަންކަމެއްނޫނެވެ. އޭ! ފުންނާބުއުސް ލޮޔަރުންނޭވެ! ރައްޔިތުން އެދޭގޮތަށް ތިންބާރު ވަކިކުރުމުގެ ރޫހުފަނޑު ކުރުއްވުމަށް ނޫޅުއްވާށޭވެ. އެމަސައްކަތް ނުކުރުއްވާށެވެ. އަމިއްލަ މަސައްކަތާއި ވާޖިބުއަދާ ކުރެއްވުމުގައި ގިނަވަގުތު ހޭދަކުރެއްވުމަކީ، އައުލާކަންބޮޑު ގޮތްކަން ދަންނާށެވެ. ފަހެ، ޚާއްސަ މަޖިލީހުގެ ތަޅުމުގައި މިބަހުސް ކުރެވެމުން ދިޔައިރު، އަޅުގަނޑު އަޑުއުފުލީ، ފުންނާބުއުސް ލޮޔަރުން އަމަލީގޮތުން ކޯޓުތަކުގައި ވަކާލަތު ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ނުތިއްބެވޭނެ ގޮތަށެވެ. ފަނޑިޔާރުންނަށް މެންބަރުކަން ނުކުރެއްވޭ ގޮތަށް، އަމަލީ މަސައްކަތުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ފުންނާބުއުސް ލޮޔަރުންނަށް ވެސް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެއްވޭނެ ގޮތަށެވެ.
ފަހެ، ދަންނާށެވެ! ރައީސް މައުމޫނު މިގޮތުން ސިފައިންގެ އުފުލީގައި އުފުލިކާރުކޮޅުގެ ކަންތަކާއި އެހެން ހުރިހާކަންތަކަކީ ވެސް ދައުލަތުގެ ފައިސާއިން ކޮއްފައިހުރި ސާފުޚަރަދެވެ. ޑީއާރުޕީން ދައުލަތަށް ދައްކަންޖެހޭ ނަގުދު ފައިސާއެވެ. އެއީ ރައީސުލް ޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ބައެއްނޫނެވެ. އަދި އެއީ ދައުލަތުން ހިލޭފޯރުކޮށް ދެއްވައިގެންވާނެ ޚިދުމަތެއް ނޫނެވެ. ރައީސް މައުމޫނަށް އެޚިދުމަތްތައް ދައުލަތުން ހިލޭލިބެންޏާ، އެހެންޕާޓީ ތަކުގެ ޒައީމުންނަށް ވެސް އެފަދަ ޚިދުމަތްތައް ދައުލަތުން ހިލޭލިބިދޭން ޖެހޭނެއެވެ. ވުމާއެކު މިހާތަނަށް މިގޮތަށް ބައިތުލްމާލުން ރައީސް މައުމޫނަށް ކޮށްފައިވާ ހުރިހާޚަރަދު ތަކަކީ، ޑީއާރުޕީން ދައުލަތަށް ނަގަންޖެހޭނެ ރައްޔިތުންގެ އަމިއްލަ ފައިސާއެއްކަން ކަށަވަރެވެ. މިހާރު މިފެންނަނީ، ޕާޓީވެރިކަމެވެ. އޭރާވަރަށް ތަފާތުވާނެއެވެ. މިހާރު ރައްޔިތުން މިވަނީ ސިޔާސީފާޓީއަކާ ދައުލަތުގެ ވެރިކަންހަވާލު ކޮށްފައެވެ. އެހެންވުމުން އެމްޑީޕީ އިއްތިހާދުގެ ވެރިކަން ހަމަނިމުމާއެކު ސިޔާސީ މަގާމުތަކުގައި ތިއްބެވި އެންމެން ބަދަލުވެގެން ދާނެއެވެ. ފައިވިއްދާފަ ސަރުކާރުގައި ތިބޭކަށް ނޫޅޭނެއެވެ. ރައީސް މައުމޫނު ކުރެއްވި ނާޖާއިޒުކަންތަކާ މިހާރާތަފާތުވަނީ މިގޮތުންނެވެ. ދެންފަހެ، ދަންނާށެވެ! ވީހާއަވަހަށް ރައްޔިތުންގެ މަޖިލީހުން މިކަންތައް ނިންމުމަށް، އަދިވެސް އެއްފަހަރު ތަކުރާރުކޮށް ހަރުއަޑުން ގޮވާލަމެވެ. ހަމަ މިއަޑާއެކު އޮޑިޓަރ ޖެނެރަލަށް ވެސް އިލްތިމާސް ދަންނަވައި ގޮވާލަމެވެ. ވީހާއަވަހަށް ރައީސް މައުމޫނުގެ މިލްކިއްޔާތުގައި ހުރިމުދަލާއި މާލިއްޔަތާއި ފައިސާގެ ފުރިހަމަ ހިސާބުތައް، އަދި ވިޔަފާރީގެ މަސްލަހަތު އޮވެގެންހިންގޭ ވިޔާފާރިތަކާއި އަރަންޏާއި ދަރަނީގެ ފުރިހަމަ ތަފްސީލުތައް ސާފުކޮށް ބެއްލެވުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ވީހާއަވަހަށް އެރިޕޯޓުވެސް ރައްޔިތުންނަށް ހާމަކޮށްދެއްވުން އެދެމެވެ. އަދި މިކަންތައްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އަޅަންޖެހޭ ފިޔަވަޅުތައް ވީހާއަވަހަށް އަޅާނިންމެވުމަށް ވަރަށް އިޚްލާސްތެރި ކަމާއެކު މަޖިލީހުގެ ރައީސް އޮނަރަބްލް މުހަންމަދު ޝިހާބަށް ދަންނަވަމުން މިސިލްސިލާ ލިޔުންތައް މިހިސާބަށް ކުރުކޮށް ނިންމާލާނަމެވެ. އަޅުގަނޑަށާއި ހުރިހާ އެންމެންނަށް ﷲ ރަހްމަތް ލައްވާށިއެވެ! އާދެ! އަޅުގަނޑަށް ރައްޔިތުންގެ މަޖިލީހަށް ވަދެވުނުހާ އަވަހަށް ހިތުގެއަޑިން ނިޔަތްގަނެގެން މިހުރީ، މިމައްސަލަތައް މަޖިލީހުގެ ތަޅުމުގައި ނެގުމަށެވެ. އަދި މިހުރީ އެތަޅުމުގައި ﷲ އަށްޓަކާ، އަޅުގަނޑު އަޑުއުފުލާނެ މުހިންމު ކަންތަކެވެ. ނުބަލާދޫކޮށް ނުލާނެކަންތަކެވެ. ފަހެ، މީހާއަތުގައި ހުންނަ ފައިސާއާއި މުއްސަނދިކަމަށް ނުބައްލަވައި ރައްޔިތުންނާމެދު އެމީހާގެ އިޚްލާސްތެރިކަމަށް ބައްލަވައިގެން މަޖިލީހަށް މެންބަރުން ހޮއްވެވުމަށް އިލްތިމާސް ދަންނަވަމެވެ. ވޯޓަކީ އަމާނާތެކެވެ. މިއީ ރައްތިޔުންގެ ފުރިހަމަ ބާރުއޮތް މަޖިލީހަކަށް، އެތަޅުން ހެދުމަށްޓަކައި ބޭނުންވާ އެންމެފުރަތަމަ ބިންގާކަން ހަދުމަފުޅުގައި އަބަދުވެސް ބެހެއްޓެވުމަށް ހަދާންކޮށް ދެމެވެ. އޭ! ﷲ އެވެ! އަޅަމެން ހައްގުމަގުގައި ހައްގުގޮތުގައި ދެމިތިބުމަށް ހިއްވަރާއި މަދަދާއި ތައުފީގު ދެއްވާށިއެވެ! އާމީން!